THEMI VAAREYGA VEEMEY [PART 1]

އޭސީގެ ފިނިން މުޅި ކޮޓަރި ފިނިކޮށްލާފައި ހުރިއިރު ރީތިވާ މޭޒުމަތީގައި ދިއްލާފައި ހުރި އުއްބަތީގެ ލުއިލުއި މީރުވަހުން މުޅި ކޮޓަރީގައި ހުވަނދުލެވިފައިވާ ކަހަލައެވެ. ކޮޓަރީގައި ހުރި ފަނޑު އަލިން އެތަނަށް އިތުރު ފުރިހަމަކަމެއް ގެނެސްދީފައި ވެއެވެ. އިންސާނުންގެ ހިތްތަކަށް އަރާމުކަމާއި މަސްތުކުރުވާ ފަދަ ހިތްގައިމުކަމެއް އެ ކޮޓަރިއަށް  ވެރިވެފައި ވެއެވެ. ކޮޓަރީގެ ފާރު ކައިރީ މެދަށްވާގޮތަށް ހުރި ބޮޑު އެނދުގައި ރިހާމް އޮތް އިރު އަދިވެސް އޭނާގެ މޫނުމަތިން އޭނާއަށް ލިބިފައިވާ ހިތްހަމަޖެހުމުގެ އަސަރު ފިލާ ނުދެއެވެ. ތުންފަތަށް ވެރިވެފައިވާ ހިނިތުންވުމާއިއެކު ދެލޯ މަރާލައިގެން އޭނާ ނިދީގެ ތެރެއަށް ފީނައިގަންނަން މަސައްކަތް ކުރިއެވެ. އޭރު ޖެހިގެން ކަހަލަ ގޮތަކަށް އޮތް ޖިޔާ މަޑުމަޑުން ރިހާމް އާއި ދުރަށް ޖެހިލަމުން މަޑުމަޑުން އެނދުން ފައިބައިގެން ފާޚާނާ އާއި ދިމާލަށް ދިޔަ އެވެ. އެކަން ރިހާމްއަށް އެނގުމުން ބޯހިއްލާލާފައި ޖިޔާ އާއި ދިމާލަށް ބަލާލީ ފަރުވާ ކުޑަގޮތަކަށެވެ. އަދި އެ ބަލާލުމާއިއެކު އެއްމިޔަކަނިން ހިނިތުންވެލިތަން ފެނުނެވެ.

ކޮޓަރިން ނުކުމެގެން އައިސް ކާމޭޒު ދޮށުގައި، ގޮނޑީގައި ހުރި ހުރަސް ހޮޅިމައްޗަށް ދެފައި ލައިގެން ޖިޔާ އިންއިރު އޭނާގެ ދެއަތްވަނީ ހޫނު އާވި އަރައަރާ ހުރި ސައި މަގުގައި ވަށައިލެވިފައެވެ. ދަންވަރުގެ އަރާމު އެވަގުތުކޮޅުވެސް ޖިޔާގެ ލޮލުގައި ނިދީގެ އެއްވެސް އަސަރެއް ނެތެވެ. އެއަށްވުރެ އޭނާގެ އަމިއްލަ ޚާލާއިމެދު އޭނާ ކަންބޮޑުވާ ކަހަލައެވެ. އޭނާގެ ޅަސިކުނޑީގައި ފިކުރުތައް ގިނަވެފައި ވެއެވެ. އަލަތު ކައިވެންޏަށް ދެހަފްތާ ވެގެން ދިޔައިރުވެސް ޖިޔާއަށް އޭނާގެ ފިރިމިހާ އާއިއެކު އެއް އެނދުގައި ނިދަން އެހާ ފަސޭހަ ކަމަކަށް ނުވެއެވެ. މިރޭވެސް އޭނާ އެއިނީ އެ ޚިޔާލުތަކުގެ ތެރެއަށް ގެއްލިފަ އެވެ.

* * * *

“މަންމަ މިއައީ ޖިޔާ އާއި ވަރަށް މުހިންމު ވާހަކައެއް ދައްކަން ވެގެން، އެނގޭތަ…” ޖިޔާގެ މަންމަ ޝާކިރާ ވަރަށް ހިނިއައިސްފައި ހުރެ އެކޮޓަރި އަށް ވަންނަމުން ބުންޏެވެ. އޭރު މެންދުރު ކައިގެން އައިސް ކޮޓަރި އަށް ވަން ޖިޔާ އިނީ ކޮމްޕިއުޓަރ ކައިރީ ފޭސްބުކަށް ވަދެ އެވެ. ޝަކިރާ ބުނަން އުޅުނު އެއްޗަކަށް ޝައުގުވެރިކަން ދައްކާލަމުން އަވަހަށް އިށީނދެގެން އިން ގޮނޑި އެނދުގައި އިށިން ޝާކިރާ އާއި ދިމާލަށް އަނބުރާލައިފި އެވެ. ނަމަވެސް ޝާކިރާ އެދެއްކި ވާހަކައަކުން ޖިޔާގެ ހަޔާތުގައިވެސް ސިހިގެން ނުދާވަރަށް އެނާ ސިހިއްޖެއެވެ.

“މަންމާ، އަހަންނަކީ ކިޔެވުމަށް މޮޅު ކުއްޖެއް، އަހަރެން ބޭނުން އިތުރަށް ކިޔަވަން، އޭލެވެލް ހަދާނިމުމުން، ސްކޮލަރޝިޕްތަކަށް އަހަންނަށް ކުރިމަތުލެވޭނެ، މަތިން ފާސްވާ ކުދިންނަށް އެމީހުން އެފަދަ ފުރުޞަތުތައް ދެނީ، ކެރިއާއެއް ބިލްޑުކޮށް މުޖުތަމައުއަށް ޙިދުމަތްކޮށްދޭން ބޭނުން، އެގޮތުން އަހަރެން ބޭނުންވަނީ…” ޖިޔާގެ އަޑުވަގުތުން ބަންދުވެއްޖެއެވެ.

“ހުއްޓާލާ، އިތުރަށް ތިކަމާ ބެހޭގޮތުން އެއްވެސް ވާހަކައެއް އަހަރެން އަޑުއަހާކަށް ބޭނުމެއްނޫން، ރިހާމް ކަހަލަ ޒުވާނެއް ޖިޔާ މިދުނިޔެ އެފުށްމިފުށަށް ޖެހިޔަސް ނުލިބޭނެ، އަހަރުމެން ގޭގައި އޭނާ ހުރެގެން ކިޔަވާ ނިންމައިގެން އެނބުރި ރަށަށް ދިޔައިރުވެސް އޭނާގެ އަޙްލާގު ރަނގަޅުކަން ނިކަން ދެކިބަލަ، އޭނާ ބޭނުންވަނީ މި ޢާއިލާގެ މެންބަރަކަށްވާން، އަހަރުމެން ކޮށްދިން ހެޔޮ ކަންތައްތަކުގެ ބަދަލު ހެޔޮ ގޮތުގައި ދޭން، އެކަމުން އަހަރުމެންނަށް އޮތް ދެރަޔަކީ ކޮބާ، ރިހާމަކީ މިހާރު އެތަށް ވިޔަފާރިއެއްގެ ވެރިޔެއް، ޝޫޒާ އެންޓަރޕްރައިޒް ޕްރައިވެޓް ލިމިޓެޑްގެ ވެރިޔާވެސްމެ، ރާއްޖޭގެ ނުފޫޒުގަދަ ވިޔަފާރިވެރިންގެ ތެރޭގައި އޭނާގެ ނަންވެސް ކިޔާލެވޭ، އުމުރުން އެހާ ޅައިރު އެފަދަ ހިސާބަކަށް ރިހާމަށް ދެވޭނީ އޭނާއަކީ ކިހާ ވިސްނުންތޫނު މީހެއްވީމަ، ޖިޔާގެ ބައްޕަ ނެތްކަމުގެ އުނިކަން ފޫއްބައްދައި އެދެނީ ހަމަ އޭނާއެންނު، ބަލަ އޭނަ އަމިއްލައަށޭ އެދުނީ ޖިޔާގެ ކައިވެންޏަށް، އަހަރެން ކިހާ އުފަލެއްވާނެތަ، ކުރިން އަހަރެން ހީކޮށްގެން ހުރީ އަހަރެން އަމިއްލައަށް ރިހާމް މިގޭ ކުއްޖަކަށް ވުމަށް އެދޭނިއްޔޭ، އަހަރެންގެ ޒީޝާ އާއި ކައިވެނި ކުރަން ރިހާމް ގާތު ބުނަން ބޭނުންވެފައި ހުއްޓާ މި ޚަބަރު މިލިބުނީ، ޖިޔާ މިކަމާ ދެކޮޅު ހަދާކަށް އަހަރެން އެއްގޮތަކަށްވެސް ބޭނުމެއްނޫން، އަހަންނަށް އެނގޭ ޖިޔާގެ ބައްޕަ ދުނިޔޭގައި ހުރި ނަމަވެސް މިފަދަ ރަނުގެ ފުރުޞަތަކަށް ފުރަގަހެއް ނުދޭނެކަން، އެހެންވީމަ ކޮންމެހެން ބައްޕަ ދުނިޔޭގައި ހުރިނަމަ ހަދާނީ ކިހިނެއްތޯ އަހަރެން ގާތު ނާހާތި” ޝާކިރާގެ މޫނުމަތީގައިވި އުފާވެރި ކަމާއި އަޑުގައި ހުރި ހިތްހަމަޖެހުމުގެ ރާގު މުޅިން ބަދަލުވެގެން ހިނގައްޖެއެވެ.

“މަންމާ، އަހަރެން މީހަކާ އިންނަ ވަރުވެއްޖެތަ، ޒީއްތަ އާއި ރިހާމްގެ ކައިވެނި ހަމަޖައްސަންވީނު، މަންމަ އެއްފަހަރު ނަމަވެސް ރިހާމް ގާތު އެކަމަށް އެދެނިކޮށް އޭނާ ދެކޮޅެއް ނުހަދާނެ، މަންމަގެ ބަހަށް ރިހާމް އިޙްތިރާމް ކުރާނަމަ، އޭނާ ޤަބޫލު ކުރާނެ މަންމަ ދައްކާ ހުރިހާ ވާހަކައެއް، މަންމަ އޭނައަށް ވިސްނާދީބަލަ އަހަންނަކީ އަދި ކުޑަކުއްޖެއްކަން” ރޮވެން ކައިރިވެފައި އިން ޖިޔާ ކަރުނަތައް ހިންދާލަން މަސައްކަތް ކުރަމުން ބުންޏެވެ.

“ކީކޭ، ކުޑަކުއްޖެކޭ، ބަލަ ޖިޔާއަށް އަށާރަ އަހަރު ނުފުރަނަސް މިހާރު ތީ ކުޑަކުއްޖެކޭ ނުބުނާނެ، ޤާނޫނުގައޭ އެހެން އޮންނަނީ، އެހެންނޭ ކިޔާފަ މައިންބަފައިންނަށް އެމީހުންގެ ދަރިން ބޮޑުނުވެ ތިބޭތަ، އަހަރެން މީ ޖިޔާ ވިހޭން ސުރެން މިއަދާއި ހަމައަށް ބަލަމުން އަންނަ މީހާ، ޖިޔާ ބޮޑުވިކަން އެންމެ ފުރަތަމަ އެނގޭނީ އަހަންނަކަންނު، ބުނަން ޖިޔާ، ރިހާމް އެދޭގޮތަށް ހުރިހާ ކަމެއް ކުރަން އަހަރެން ބޭނުންވަނީ، މިކަމާ ގުޅިގެން އެއްވެސް ވާހަކައެއް ޖިޔާ، ރިހާމް ގާތު ދައްކައިފި ކަން އެނގިއްޖެއްޔާ ހަދާނެގޮތްވެސް އަހަންނަށް އެނގޭ، އިތުރު ވާހަކައެއް އަޑުއަހާކަށް އަހަރެން ބޭނުމެއްނޫން، ރިހާމް ބޭނުންވާ ދުވަހަށް ޖިޔާ އާއި އޭނާގެ ކައިވެނި ހަމަޖެއްސޭނެ” ޝާކިރާ، ޖިޔާގެ އެނދުން ތެދުވަމުން އެންމެ ފަހުން ބުނި ޖުމްލައިން ޖިޔާގެ ހިތްވަރު މުޅިން އެލި ލޮލަށް ޖަމާވެފައި ހުރި ކަރުނަތައް މަޑު މަޑުން ދެކޯތާފަތުން ލާފައި ތިރިއަށް ދެމިގަތެއެވެ. އެރީތި ކުޑަކުޑަ ދޮންމޫނުމައްޗަށް ޖަންބުކުލަ އަރުވާލަމުންނެވެ. ޖިޔާގެ ހިތުގައި ރިހާމް އާއިމެދު އޭނާގެ އެނިންމުމާއިމެދު ނަފުރަތުގެ ކުލަ ޖެހި ފެތުރެން ފެށީ އެދުވަހުން ފެށިގެންނެވެ. ނަމަވެސް ހުރިހާ އިޙްސާސްތަކެއްގެ މަތީގައި އަތްއަޅާ އޮބާލީ މަންމަ އަށް ޓަކައެވެ. ފަހުންވާނޭ ގޮތަކަށް ވިސްނާލުމެއް ނެތިއެވެ.

* * * *

ސިހިފައި އަތުގައި އޮތް މަގު ޖިޔާ ކާމޭޒު މަތީ ބެހެއްޓީ މާބޮޑަށް އަތަށް ހޫނުވުމުންނެވެ. އެއާއިއެކު އޭނާގެ ދެއަތްތިލަ މޫނުގައި އަޅާ އޮބާލުމާއިއެކު ފުންނޭވާއެއްލިއެވެ. އަތުގައި ހަރުލާފައި ހުރި ހޫނުކަން ޖިޔާގެ މޫނުގެ މަސްތަކަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިއްބައިދިން ކަހަލަ އެވެ. މަޑުމަޑުން ތެދުވެގެން އައިސް ސިޓިން ރޫމުގައި ހުރި ބިއްލޫރި ދޮރު ކަހާލުމާއިއެކު ބެލްކަންޏަށް އޭނާ ނުކުތެވެ. ހާމަކަމާއިއެކު ފެތުރިފައި އޮތް ޤުދުރަތުގެ ފުރިހަމަ ކަމަށް އޭނާ ނަޒަރު ހުއްޓާލި އެވެ. ކަޅުކަން ގަދަ ސާލެއްގައި އަތުރާލެވިފައިވާ މުތީތަކެއް ފަދައިން ތަރިތަކުގެ ވިދުން ފެންނަމުންދިޔައެވެ. އެފަދަ ފުރިހަމަވެގެންވާ މަންޒަރަކުން ޖިޔާގެ ހިތަށް ފިނިކަމެއް ހޯދަން އޭނާ މަސައްކަތް ކުރިއެވެ.

އިސްކޮޅުގައި ފަސްފޫޓު ހަމަނުވިޔަސް ޖިޔާއަކީ ހަށިގަނޑުގެ ރޫފަ އާއި ބައްޓަން ޢާއިލާގެ އެހެން ކުދިންނާ ޚިލާފަށް ފުރިހަމަވެފައި ރީތި ކުއްޖެކެވެ. ބައްޕަގެ ދެލޯފަދައިން މަޑުމުށި ކުލައަކަށްދާ ކަޅިއެއް ހަމައެކަނި ލިބުނީވެސް ޖިޔާއަށެވެ. ކޮނޑާއި ހަމައަށް ކޮށާލެވިފައިވާ ފަންއިސްތަށިގަނޑުގެ ތެރޭން އޭނާގެ ކުޑަކުޑަ މޫނު ފެންނައިރު ޖިޔާގެ މައޫސޫމުކަން އިތުރުވެގެން ދާހާވެއެވެ. ނިތްމައްޗަށް ކޮށާލެވިފައި ހުރި އިސްތަށިތަކުގެ ކޮޅުތައް އެރީތި ދެބުމަށް ފޮރުވަން މަސައްކަތް ކުރާ ކަހަލައެވެ. ކަޅުކަން ގަދަ ރަވައާއިއެކު ދިގު އެސްފިޔަތަކެއް ލިބިފައިވުމުން މީހުންނަށް ޖާދޫ ޖައްސާފަދަ ރީތިކަމަކާއި އަސަރު ޖިޔާގެ ލޮލުގައި ވެއެވެ. އެހެންނަމަވެސް އެ ތުނިތުނި ދެ ތުންފަތުގައި ވަނީ ރިހުމުގެ ރަތްކުލައެކެވެ. އަބަދުމެ ތިރީތުންފަތުގައި ދަތްއަޅާލައިގެން ހުންނަންޖެހޭ ވަގުތުތައް ގިނަވެފައި ވުމުންނެވެ.

ރިހާމަކީ ރާއްޖޭގެ އެންމެ ދެކުނަށް ނިސްބަތްވާ ބޮޑު ޢާއިލާއަކުން އައިސްވާ ޒުވާނެކެވެ. ރިހާމަށް މާލޭގައި ކިޔަވަން ހުންނާނެ ގޮތެއް ހަމަޖެހުނީ ޖިޔާގެ ބައްޕަގެ ހިތްހެޔޮކަމުންނެވެ. އެހެންނަމަވެސް މިއަދު ރިހާމަކީ މާލޭގައި ގޯއްޗެއް އޮތް މީހެކެވެ. މާލޭގެ ރަށްވެސްސެކެވެ. މާލޭން އޭނާ ގަތް ގެ ހުންނަނީ ކުއްޔަށް ދީފައެވެ. އެގެއަށް ކިޔަނީ ޝުޒާ ވިލާކަން އެނގުނީވެސް ރިހާމް ގެންގުޅުނު ފައިލަކުން އެގޭގެ ރަޖިސްޓަރީ ވެއްޓުމުންނެވެ. ރިހާމުގެ ރަށުގައިވެސް އޭނާގެ ވިޔަފާރިތައް އެހާމެ ގިނައެވެ. އޭނާ އަށް މުއްސަނދިކަމެއް ލިބިގެން ދިޔައީ ހަމަ ކުއްލިއަކަށެވެ. ޖިޔާ ފިޔަވާ އެކަމާ ސުވާލު އުފެދޭ އެކަކުވެސް ނެތެވެ. ސިޔާސީ ކަންތައްގަނޑު ހަލަބޮލިވެފައިވާ ދުވަސްވަރެއްގައި ރިހާމްގެ ޝައުގުވެރިކަން މިހާރު ހުރީ އެކަމަށް ދެވިފައެވެ. އެހެންނަމަވެސް އަދިވެސް އޭނާ ދަނީ ރާއްޖޭގައި މިއޮތް ޕާޓީ ސިސްޓަމް ދަސްކުރަމުންނެވެ. އޭނާއަށް އެންމެ ފައިދާ ކުރާނީ ކޮން ޕާޓީއަކުންތޯ ވިސްނާ ކައިރިން ދިރާސާ ކުރަމުންނެވެ. އެހެންވެ ތަފާތު ފިކުރުގެ ވެރިންނާއި އެކު ކޮފީ މޭޒުތަކުގައި ހޭދަ ކުރާ ވަގުތު ގިނަވެފައި ވެއެވެ. އެހެންނޫނީ އޭނާ އުޅެނީ އޮފީހުގައި އޭނަގެ މަސައްކަތުގައެވެ. ދެން ލިބޭ ހުސްވަގުތު ކޮޅުވެސް ހޭދަކޮށްލަނީ ގެއިން ބޭރުގައި ރަޙުމަތްތެރިންނާއި އެކު އެވެ. ފުރާ ފުރިހަމަވަމުން އައި ޖިޔާ އަށް އޭނާގެ ހިތްލެނބުނީ އެފަދަ އެހެން ޒުވާން އަންހެން ކުދިންގެ ރަހަ ތަފާތު ގޮތް ގޮތުން ހޯދިފަހުންނެވެ. އޭނާއަށް ލިބިފައިވާ ބާރުގެ ބޭނުން ކުރަން އޭނާއަށް ވަރަށް ރަނގަޅަށް އެނގެއެވެ. އެކަމަށް އޭނާ ނުހަނު ކުޅަދާނައެވެ. ހަށިގަނޑުގެ ތަނެއް ހިރުވައިގަތުމުން އެތަނުގައި އަތްވެސް ޖައްސާނުލާ ހުރުމަކީ ކުރަން އެހާ ފަސޭހަކަމެއް ނޫނެވެ. އެގޮތުން ރިހާމްވެސް ވަނީ ޖިޔާގެ ފުރިހަމަވަމުން އަންނަ މަލުގެ ކަރުގަނޑުން ފޮނިބޯލުމަށް ކެތްތެރިކަން ކުޑަވެފައެވެ. ކުއްލި ގޮތަކަށް ޖިޔާގެ މަންމަ، ޝާކިރާގެ ގާތުގައި އެވާހަކަދައްކަން ޖެހުނީވެސް އެހެންވެއެވެ. އެވާހަކަ ދެއްކި ދުވަހުގެ ރޭ ރިހާމްގެ އަތުން ޝާކިރާއަށް ވަނީ އަގުހުރި ފައިސާގެ ހަދިޔާއެއްވެސް ދީފައެވެ. އޭގެ އިތުރުން ރަނގަޅު ފެންވަރަކަށް ގެ ހަދައި ދިނުމަށްވެސް ވަނީ އެއްބަސްވެއެވެ. މިހާރު ހުރި ދެބުރީގެ ގެ ދިހަ ބުރީގެ އިމާރާތަކަށް ހަދައިދިނުމަށް ރިހާމް އެއްބަސްވިއެވެ. އޭރުން ޝާކިރާއަށް ވާނޭ ފައިދާ ތަކުގެ ވާހަކަ ރިހާމް ވަނީ ކިޔައި ދީފައެވެ. ޖިޔާ އާއި އޭނާގެ ކައިވެނި ކުރެވުނު އިރު އެގެ ހަދަން ފަށައިފިއެވެ. ޝާކިރާއަށްވެސް ރިހާމް އެހާ ފަސޭހައިން ކަންތައްތައް ނިންމާލަނީ ކިހިނެއްކަމެއްވެސް ނޭނގެއެވެ. ނޫނީ އޭނާ އެކަންތައްތައް އެނގެން ބޭނުން ނުވަނީއެވެ.

ކައިވެނި ކުރެވުނީ ޖިޔާމެންގެ ގޭގައި ރޭގަނޑުގެ ވަގުތެއްގަ އެވެ. ތިމާގެ ދެތިން މީހުން އެގެއަށް އައިސް ތިއްބެވެ. ރިހާމްގެ ފަރާތުން އެކަކުވެސް އެގެއަކުން ނުފެނެއެވެ. އެންމެ ކުޑަމިނުން ރިހާމްގެ ރަޙުމަތްތެރިއަކުވެސް އެގެއަކަށް ނާދެއެވެ. ޖިޔާ އޭނާގެ އެއްވެސް ރަޙުމަތްތެރިއަކަށް ކައިވެނީގެ ޚަބަރު ނުދިނީ ހަމަ ގަސްދުގައެވެ. އެއީ އޭނާގެ ހިތްނުރުހޭ ކަމެއްގައި އޭނާގެ ރަޙުމަތްތެރިން ބައިވެރި ނުކުރަން ވެގެންނެވެ. ރިހާމްގެ ކަންތައްތައް ޖިޔާއަށް ފާހަގަ ކުރެވުނަސް ޝާކިރާއަށް އެއީ މައްސަލައެއްކަމަށް ނުވާނޭތީވެ އޭނާ މަޑުމަޑުން އިނީއެވެ. ކައިވެނި ކޮށްދިނުމަށްފަހު ގޭގައި ހަދާފައި އޮތް ކުޑަ ސައެއްގައި ބައިވެރިވެލާފައި ޤާޟީ އާއި އޭނާގެ އެހީތެރިން އެގެއިން ނުކުމެގެން ދިޔައެވެ. އެއާއިއެކު ރިހާމް އަވަސްވެގަތީ ޖިޔާ ގޮވައިގެން އެނގެއިން ނުކުތުމަށެވެ.

އެރޭ ޖިޔާ ގޮވައިގެން ރިހާމް އައީ މިހާރު އެމީހުން އެ އުޅޭ އެޕާޓްމަންޓަށެވެ. ކައިވެނި ކުރެވުނެއް ކަމަކު ކައިވެންޏަކީ ކޮބައިކަމެއް ޖިޔާ އަކަށް ނޭނގެއެވެ. އެފަދަ ނޭނގުމެއްގެ ތެރޭގައި ވަނިކޮށް ކައިވެނީގެ ފުރަތަމަ ރޭވެސް ނިމިގެން ދިޔައީ އެހާމެ ހިތްދަތި ވޭނުން ފުރިގެންވި ހާލެއްގައެވެ. އެތަށް ފަހަރަކު ރިހާމްގެ އަތުގެ ތެރޭން ސަލާމަތްވެގެން ދުވެ ފިލަން ޖިޔާގެ ހިތަށް އެރިއެވެ. އެހެންނަމަވެސް އެފަދަ ފުރުޞަތެއް ރިހާމު އޭނާއަކަށް ނުދިނެވެ. ފެންކަޅިވެ މެރިފައިވާ ލޮލުގެ ދިގު އެސްފިޔަތަކަށް ކެތްނުވުމުން ލޮލުގެ ހިމަކޮޅުން ލާފައި ލޭކަރުނަ ފައިބައިގެން ދިޔައިރުވެސް ޖިޔާ އޮތީ އަނގައިން އަޑެއްވެސް ލައްވާލަން ނުކެރިފައެވެ. ރިހާމަށް އޭނާގެ ހިތުގެ ހާލު ނުވިސްނެނީ ކީއްވެބާއޭ ހިތަށް އެރިއެވެ. ޅަކަމުގެ މައުސޫމުކަން އެރޭ ޖިޔާގެ ހަށިގަނޑާއި ވަދާއުގެ ސަލާމް ކުރިއެވެ. އުމުރު ހުސްވިޔަސް ދެން އަލުން އެރޭގެ އެވަގުތުކޮޅެއް އަނބުރައެއް ނުލިބޭނެކަން ޖިޔާއަށްވެސް ޔަގީންވިއެވެ. ޚަޔާތަށް އެތަށް ބަޔަކު އައި ކަމުގައި ވިޔަސް ރިހާމް އެ ހޯދި މަޤާމަށް އެކަކަށްވެސް ނާދެވޭނެއެވެ. އަންހެން ކުއްޖަކަށްވީތީ އަލަތު ކައިވެނީގެ ފުރަތަމަ ރޭ ޚާއްސަވެގެން ދަނީ އެހެންވެއެވެ. ޚަޔާތުގެ ހަރުފަތްތަކުން މުޅިން ތަފާތު އައު ހަރުފަތަކަށް ކުޑަކުޑަ ހިނދުކޮޅެއްގެ ތެރޭގައި ހަށިގަނޑު ގެންގޮސްދޭ ރެއަކަށް އެރޭ ވާތީއެވެ.

އޭގެ ފަހުން ޖިޔާ އެކޭ ކޮއްޓެއްގައި ހައްޔަރުކޮށްފައި އިން ދޫންޏެކޭ އެއްވަރެވެ. އެޕާޓްމެންޓުން ބޭރަށް ނުކުމެވެނީ ރިހާމާއިއެކު އޭނާ ބޭނުން ވަގުތެއްގައެވެ. ޖިޔާގެ ރަޙުމަތްތެރިންނާއި ބައްދަލު ކުރުމަކީވެސް ރިހާމް އެދޭކަމެއް ނޫނެވެ. ނުވިތާކަށް ޖިޔާ އޭނާގެ ޢާއިލާ މީހުންނާ ބައްދަލު ކުރަން އެދުމުންވެސް ރިހާމްވަނީ އެކަމަށް ވަކި ޖަވާބެއް ނުދީފައެވެ. ސްމާޓް ފޯނުގެ ޒަމާނެއްގައި ރިހާމް، ޖިޔާއަށް ދިނީ ވަރަށް ކުރީގެ މޮޑެލްއެއްގެ އާދައިގެ ފޯނެކެވެ. ފޯނު ޖިޔާ އާއި ހަވާލު ކުރިއިރު އެ އަށް ވަނީ ސިމްވެސް ލައްވާ ގުޅޭގޮތް ހަދައިދީފައެވެ. ކޮންމެ ހަފްތާއަކަށް ރިހާމް ފަންސާސް ރުފިޔާގެ ފޯނު ކާޑެއް އަޅައިދޭނަން ކަމުގައި ބުންޏެވެ. އެކަމަކު އެ ފޯނަކީ ބޮޑުކަމެއް ދިމާވެއްޖެ ހާލެއްގައި ޖިޔާ، ރިހާމަށް ގުޅުމަށް ދިން ފޯނެކެވެ. ކޮންމެ ރެއަކު ނިދަން އޮށޯންނަމުން ރިހާމް، ޖިޔާގެ ފޯނުގައި ލާރި ހުރި ވަރާއި އެ ފޯނުން އެއްވެސް ކޯލެއް ކޮށްފައި ހުރިތޯ ބަލައެވެ. ފުރަތަމަ އެކަން ބޮޑުކަމަކަށް ޖިޔާއަށް ވިޔަސް މިހާރު އެކަމަށް ކޮންމެވެސް ވަރަކަށް ހޭނިއްޖެއެވެ. އަނެއްކޮޅުން އޭނާ ރިހާމް ބޭނުންވާގޮތަށް އެކަކާވެސް ގުޅުމެއް ނުބާއްވައެވެ. އެހެންވެ ގުޅާނެ ބަޔަކުވެސް ނެތެވެ. ނަމަވެސް ރިހާމް އެގޮތަށް ކަންތައް ކުރަނީ ކީއްވެކަން އެނގެން ޖިޔާ ބޭނުންވިޔަސް އެސުވާލު ރިހާމް އާއި ކުރާނެހާ ހިތްވަރެއް ޖިޔާ އަކަށް ނުލިބެއެވެ. ރިހާމް ރުޅި އަތުވެދާނެތީ ޖިޔާ ބިރުގަންނަނީއެވެ.

ކެތްތެރިވުން ނޫން އެހެން އެއްވެސް ގޮތެއް އޭނާއަށް މިއަދު ނެތެވެ. ޝާކިރާ ބޭނުންވިގޮތަށް އޭނާ އަންބަކަށް ވާން މަސައްކަތް ކުރެއެވެ. އެހެންނަމަވެސް ރިހާމް، އޭނާގެ އަމިއްލަ އެދުމެއްނެތިއްޔާ ޖިޔާޔަށް މާބޮޑު ސަމާލުކަމެއް ނުދެއެވެ. ޖިޔާ ލައްވާ ގޭތެރޭގެ އެއްވެސް މަސައްކަތެއްވެސް ނުކުރުވައެވެ. އެންމެ ކުޑަމިނުން ރިހާމުގެ އެއްޗެހި ދޮވެ އިސްތިރި ކުރަނީވެސް، ނިދާ އެނދުގެ ތަންމަތި އަޅަނީވެސް ރިހާމް ގެނެސްފައި ހުންނަ ބޭރު މީހެކެވެ. ރިހާމް ގެއަށް އައިސް ކާން ބޭނުންވެއްޖެނަމަ އެކަންވެސް ކުރަނީ އެ ބޭރު މީހާއެވެ. އެކަންކަން ޖިޔާއަށް ކުރަން ނުޖެހޭނެކަމަށް ރިހާމްވަނީ ޖިޔާއަށް އަންގާފައެވެ. ޖިޔާޔަށް އޮންނަނީ ހަމަ އެންމެ ކަމެކެވެ. އެއީ ރިހާމް ގެއަށް އައުމުން އޭނާގެ ހިތްހަމަޖައްސައިދިނުމެވެ. އޭނާގެ ބޭނުންތައް ފުއްދައިދިނުމެވެ. ޖިޔާޔަކީ ހަމައެކަނި ރިހާމްގެ އެނދުމަތި ފަޅުފިލުވާލުމަށް ގަނެފައި ހުރި މީހަކޭ ޚުދު ޖިޔާގެ އަމިއްލަ ހިތަށްވެސް އަރައެވެ. އެހެންނަމަވެސް ބައެއްފަހަރު އޭނާގެ ޚިޔާލުތައް ތަފާތުވެއެވެ. ޖިޔާޔަށް އެއްވެސް ކަމެއް ނުޖައްސަނީ އޭނާދެކެ ރިހާމް ލޯބިވާ ވަރުން ކަމުގައިވެސް ޖިޔާ ހީކުރަން ބޭނުންވެއެވެ. ޖިޔާގެ ޅަސިކުނޑިއަށް ވިސްނޭގޮތުގައި ދެން އޭނާގެ އުމުރުގެ ބާކީ އޮތް ދުވަސްތައް ހޭދަ ކުރަންޖެހޭނީ ރިހާމާއިއެކު އޭނާގެ އަންބެއްގެ ވާޖިބު އަދާކުރުން މަތީއެވެ. ޝާކިރާ، ޖިޔާގެ ކައިވެނި ކުރެވުނު ރޭވެސް ވަނީ އެފަދަ އެއްޗެއް އޭނާ ގާތު ބުނެފައެވެ. “ކައިވެންޏަށް ފަހު އަންހެން ކުއްޖާގެ ހުރިހާވެސް މީހަކީ އޭނާގެ ފިރިމީހާ، ކޮންމެ ހާލެއްގަވެސް ޖެހޭނެ ފިރިމީހާ އާއިއެކު އުޅެން، އޭނާއަށް ވަފާތެރިވާން، އޭނާގެ ހުރިހާ ބޭނުމެއް ފުއްދައިދޭން ޖެހޭނެ، އެކަމާ ދެކޮޅު ހަދައިގެން ނުވާނެ، ރަނގަޅު ބަސްއަހާ ކިޔަމަންތެރި އަންބަކަށް ޖިޔާ ވައްޗޭ…” ޝާކިރާ ބުނީ މިހެންނެވެ. ޖިޔާގެ ސިކުނޑީގައި ކޮންމެ ލަފުޒެއް ވަކިވަކިން ހަރުލާފައި ހުރި ކަހަލައެވެ.

ފަޒާގެ ފިނިރޯޅިން މޭފުރާލަމުން ޖިޔާ ދެލޯ މަރާލާފައި ހުޅުވާލިއެވެ. ބެލްކަނިން މަގުމަތި ބަލާލިއިރު ދަމާފައި ހުރި ދިދަފަތިތަކާއި ހެދި އެއްވެސް ތަނެއް ފެންނަގޮތެއް ނުވިއެވެ. ތިރިއަށް ބަލާލުމުން މޫނުގެ އެއްފަރާތަށް ވެރުނު އިސްތަށިތަށް ނަގާ ކަންފަތް ކައިރީ އަޅުވާލުމާއިއެކު ޖިޔާ ހިނގައިގަތީ ގޭތެރެއަށް ވަނުމަށެވެ. ސިޓިން ރޫމަށް ވެރިވެފައި އޮތް ފަނޑު އަލިކަމުގެ ތެރެއިން ހިނގާލާފައި އައިސް އަނެއްކާވެސް ޖިޔާ ވަނީ ބަދިގެއަށެވެ. އޭރު ކާމޭޒުމަތީ އޭނާ ބޯންވެގެން ހެދި ސައިތަށި ހުއްޓެވެ. އޭގެ މަތިން ހަނދާންވީ ދެނެވެ. އަވަސް އަވަހަށް އައިސް ސައިޖޯޑު ނަގާ ތުނބުގައި ޖަހާލުމާއިއެކު، އެހާ އަވަހަށް ތުންފަތާ ޖޯޑު ދުރުވެސް ކޮށްލިއެވެ. މިހާރު ސައި ޖޯޑު ހުރީ މާބޮޑަށް ފިނިވެފައެވެ. އަލުން ސައި ހަދާކަށް ޖިޔާ ބޭނުމެއް ނުވިއެވެ. އެހެންވެ ސައިޖޯޑު ސިންކަށް އަޅާލާފައި އައިސްއަލަމާރީގެ މަތީގައި، ފާރުގައި ހަރުކޮށްފައި ހުރި ގަޑިއަށް ބަލާލިއެވެ.

“މިހާރު ރިހާމް އޮންނާނީ ނިދާފަ ކަންނޭގެ” ޖިޔާގެ ހިތް ބުންޏެވެ.

މަޑުމަޑުން ކޮޓަރި ދޮރު ހުޅުވާލާފައި ޖިޔާ ބަލާލިއެވެ. ރިހާމް އޮތް ގޮތުން ހީވަނީ އޭނާ އޮތީ ގަދަ ނިދީގަ ހެންނެވެ. ހަލުވި ކަމާއިއެކު ކޮޓަރިއަށް ދެމިގަތެވެ. އަދި އައިސް ރިހާމްގެ އަނެއް ފަރާތަށް އަރާ އެނދުގައި އޮށޯވެއްޖެއެވެ. ހަށިގަނޑަށް ލިބިފައި ހުރި ވަރުބަލި ކަމާއިއެކު ޖިޔާޔަށް ނިދޭކަށް ގިނައިރެއް ނުވިއެވެ.

ހެނދުނު ޖިޔާޔަށް ހޭލެވުނީ ނުވައެއް ޖަހަނިކޮށެވެ. އަވަސް އަވަހަށް ތެދުވެ ފެންވަރާލައިގެން ކޮޓަރިން ނުކުން އިރު ރިހާމް ސައިބޮއެގެން ގެއިން ނުކުންނަނީއެވެ. ނުކުންނަން ދިޔަ ރިހާމް އަތުކުރިއަށް ބަލާލާފައި ހުއްޓުނެވެ. އެހިނދު ޖިޔާ އަވަސް އަވަހަށް ކޮޓަރިއަށް ވަދެ ރީތިވާ މޭޒުމަތީ އޮތް ރިހިކުލައިގެ ގަޑި ހިފައިގެން ނުކުތެވެ. އޭރު ރިހާމް އައިސް ކޮޓަރި އާއި އަރާ ހަމަވަނީއެވެ. ރިހާމަށް ގަޑި ދިއްކޮށްލަމުން ހިނިތުންވެލެވުނީ ރިހާމެގެ ސަމާލުކަމަށް ޖިޔާ ބޭނުންވެފައި ހުރި ވަރުންނެވެ. ނަމަވެސް ގަޑީގައި ހިފިގޮތަށް ރިހާމް އެނބުރިލީ އަނެއްކާވެސް އައިކޮޅަށެވެ. ޖިޔާޔަށް ބަލާލުމެއްނެތި އޭނާ އެޕާޓްމެންޓުން ނުކުމެގެން ހިނގައްޖެއެވެ. އެވަގުތު ގޭގައި ގެންގުޅޭ މީހާ އައިސް ޖިޔާ ގާތު ކޮފީ ތޯ ނޫނީ ސައިތޯ ހަދައިދޭންވީ އަހާލިއެވެ.

“ސައިބޯނީ” މަޑުން މަޑުން ޖިޔާ މިހެން ބުނެ އެ ބޭރުމީހާގެ ފަހަތުން ބަދިގެ އާއި ދިމާލަށް ހިނގައިގަތެވެ.

“ހެލޯ ބޮސް، ގުޑް މޯނިންގ” ރިހާމްގެ ފަސްފަހަތުން އައިސް އޭނާގެ ކެބިންނަށް ވަން ޞޮފާ ތުއި ގޮތަކަށް ބުނެލިއެވެ. ޞޮފާއަކީ ރިހާމްގެ ޕާރސަނަލް ސެކްރެޓަރީ އެވެ.

“މޯނިންގ، ޔޫ ލުކް ސެކްސީ ޓުޑޭ، އައު ހެދުމެއްތަ” މޭޒުގެ ފަހަތުގައި ހުރި އެގެޒެކެޓިވް ބޮޑު ގޮނޑީގައި ރިހާމް އިށީންނަމުން ވަރަށް ރަނގަޅަށް ޞޮފާގެ ހަށިގަނޑަށް ބަލާލިއެވެ. އަވަސް އަވަހަށް އާނއެކޭ ބުނެފައި ޞޮފާ އައިސް މޭޒުގެ ކަނެއްގައި އިށިންނަމުން އަތުގައި އޮތް ނޯޓު ފޮތަށް ބަލާލިއެވެ.

“މިއަދު ދެ މީޓިން އެބަ އޮތް، އެކަމަކު ފަހަރެއްގައި ސީނިއަރ މެންބަރުން ހަމަނުވުމުގެ ސަބަބުން މެންދުރު ފަހުގައި ބާއްވަން އޮތް މީޓިން ކެންސަލްވެސް ވެދާނެ، މާޝާގެ ޕީސީގައި އެޖަންޑާ ވީ، އޭނާގެ ދަރިފުޅު ބަލިވެ އުޅޭތީވެ އާދެވޭނީ ތަންކޮޅެއް ލަހުން ކަމަށް ގުޅާފައި ބުނި، އެކަމަކު މީޓިން ފެށެންވާއިރަށް އޭނަ އަންނާނެ، ރިހާމް، ކީއްވެތަ ކުރިން ރޭ ފިލްމަށް ދާން ގުޅީމަ ފޯނު ނުނެގީ، އަންހެނުން ގާތަށް ލައިގެން އޮތީމަ ދޯ، އެނގޭތަ ހާދަ މަޖައޭ، ޒޫނާ އާއި ޝާލިޔާ ވެސް އަހަރުމެންނާއިއެކު ދިޔަ، ޖިނާހު ހޯދި ރިހާމް، މިއަދު ހާދަ ފްރެޝްހެން ހީވެޔޭ، އެކަމަކު އަމިއްލައަށް ދޯ ޓައީ އެޅީ، ދައްކަބަލަ ރަނގަޅުކޮށްލަ ދޭނަން” ޞޮފާ މަޑުމަޑުން ރިހާމް އާއި ގާތްވެލާފައި ކަރުގައި އޮތް ޓައީ ރަނގަޅު ކޮށްލަދޭކަމަށް ހަދާލިއެވެ. ގުދުވެލާފައި ތެދުވަމުން ރިހާމްގެ މޫނުގައި އޭނާގެ މޫނު ޖެހޭހާ ގާތްވެލިއެވެ.

“ޞޮފާ، ކޮންޓްރޯލް ޔޯ ސެލްފް، މިތަނުގަ އެހެން މީހުންވެސް ވޯކް ކުރޭ، ތިހެން އުޅެނިކޮށް މިތަނަށް އެހެން ސްޓާފެއް ވަދެދާނެ، ޞޮފާއަށް އެނގޭނެ އެގޮތް އަހަންނަށް ކަމަކު ނުދާނެކަން” ރިހާމް ކަރުކެރިލަމުން އޭނާގެ ނަފްސުވެސް ހަމައަކަށް އަޅުވަން މަސައްކަތް ކުރަމުން ބުންޏެވެ.

ރިހާމްގެ އޮފީހުން އެނާގެ ޕާރސަނަލް ސެކްރެޓެރީއެއްގެ ގޮތުގައި ޝޮފާއަށް ފުރުޞަތު ދިނީ ކޮންމެހެން އޭނާގެ އަތުގައި މަތީ ފާސްތަކެއް އޮވެގެނެއް ނޫނެވެ. ފުރަތަމަ ނަޒަރުންވެސް ޞޮފާގެ ހިތްގައިމު ހަށިގަނޑު ރިހާމަށް ފެނިގެންނެވެ. އޭނާގެ ގާތުގައިވެސް ރީތި އަންހެން ކުއްޖަކު ގެންގުޅެން ބޭނުންވާތި ވެގެންނެވެ. ޚާއްޞަ ބޭނުމަކު ކިޔަން ފަހަރެއްގައި ޖެހިވެސް ދާނެއެވެ. އެހެންވީމަ ކޮންމެ ކަމެއް ކުރަން ޖެހުނަސް ކުރަން ކެރޭވަރުގެ ކުއްޖަކަށް ރިހާމްގެ ޕާރސަނަލް ސެކްރެޓަރީ ވާން ޖެހޭނެއެވެ.

ހުސްހަށި ބަޔަށް ހުރި ޞޮފާގެ އުމުރު ހުސްވަމުން ދަނީ އެގޮތުގައެވެ. ރީތި ފިރިހެނުންނާއި އަތުގައި ފައިސާ ހުރި ފިރިހެނުންގެ ދާންތަށް ހޫނުކޮށްލަ ދިނުމީ އޭނާއަށް އެއްވެސް ކަމެއް ނޫނެވެ. އެހެންނަމަވެސް އޭނާ އާއި ރިހާމް ބައްދަލުވި ފަހުން އެ ހިތަށް ބުނެދޭން ނޭނގޭ ގޮތްތަކެއް ވަމުން ދެއެވެ. ރިހާމް އަކީ މީހެއްގެ ފިރިއެއްކަން އެނގޭއިރުވެސް ހިތުގައި އުފެދޭ އިޙްސާސްތައް ހުއްޓުމަކަށް ނާދެއެވެ. މިހާރު ޞޮފާގެ އެންމެ ބޮޑު އެދުމަކަށް ވަނީ ރިހާމް އާއިއެކު ރޭކޮށްލުމެވެ. އުމުރުން ތިރީހަށްވުރެ މައްޗަށް ގޮސްފައި ވިޔަސް އަދިވެސް އެ ހަށިގަނޑު ހީވަނީ ވިހި ފަންސަވީސް ހެންނެވެ. ހަންގަނޑު އޮމާންވެފައި ބަޓަންތައް ރީއްޗެވެ. ކޮންމެ އިރަކު ފެނިލިޔަސް ހީވަނީ، ޝަބުނަމުގެ ތިކިތަކާއިއެކު ފޮޅިލާފައި އިންނަ ފިނިފެންމަލެއްހެންނެވެ. ކަޝިތަކުގައި ޖެހި ޒަހަމްވިޔަސް އެ މަލުގައި އަތްނުލާ، އެ ކަރުގަނޑުން ވަސްބަލާލުމެއް ނެތި ދާހިތެއް ހަމައެކަކުވެސް ނުމެވާނެކަން ޔަގީނެވެ. އެކަން ޚުދު ޞޮފާއަށް އެނގޭ ކަހަލައެވެ. ނަމަވެސް ނީލަމެއްގައި ކިތަންމެ ރީތި ފިނިފެންމަލެއް އޮތަސް އޭގެ އަގު ކިތަންމެ މައްޗަށް އެރިޔަސް، އެމަލަށް ކުރާ ޤަދަރު ކުޑަވާނެކަން ޔަގީނެވެ. އުމުރު ހުސްވިޔަސް ބައިވެރިއެއްގެ ފަރާތުން ހަޤީޤީ ލޯތްބާއި އުފާ ލިބުމަކީ ޞޮފާމެން ކަހަލަ އަންހެނުންނަށް ނާދިރު ކަމެކެވެ.

“އޭތް! މިއަދު ކަމެއްވެސް ނެތީތަ، ތިވަރަށް ޑޭ ޑްރީމް ކުރާނަމަ އަބަދު އުޅެވޭނީ ހުވަފެނީ ދުނިޔެއެއެއްގައި، ހަޤީޤަތާ ކުރިމަތިލާކަށް ނޭނގޭނެ” ޕާޓެޝަން ޖަހާފައި ހުރިއިރު ޞޮފާގެ ކުރިމަތީގައި ހުރި މޭޒުގެ ދޮށުގައި އިށިންނަން އައި މާޝާ ބުނެލިއެވެ.

“އަހަންނަށް ޑޭ ޑްރީމް ކުރުން ނޫން އެހެން ދެން ކޮންކަމެއް އޮތީ، މާޝާ މެންހާ އަހަރެން ނަސީބު ގަދައެއް ނޫނޭ، ފިރިންނާއި ދަރިން ލިބޭ ވަރަކަށް” ޞޮފާ ތުން އަނބުރާލަމުން ބުނެލިއެވެ.

“އައްދޭ! ހާދަ އަވަހަކާ ތި ރުޅިމޫނު ދެއްކީ، މިއަދު އަދި ހެނދުނުގެ ކޮފީ ތަށި ވެރިޔާ އާއިއެކު ނުބޮނީތަ” ލާނެތް ގޮތަކަށް މާޝާ ބުންޏެވެ.

“ހޫމް ދެން ކޮންމެހެން ރިހާމޭ ކިޔައިގެން އެއްޗެކޭ ކިޔާކަށް އުޅޭނެ ކަމެއްނެތް، އަވަހަށް އެޖެންޑާ ފޮނުވަބަލަ” ޞޮފާ މިހެންބުނެ ގޮނޑީގައި އިނދެ ލައިގެން ހުރި ހެދުމުގެ ދެފަރާތަށް ދަމާލަމުން ހަށިގަނޑު ކުރިއަށްވުރެވެސް ތެދުކޮށްލިއެވެ. އަދި އަވަހަށް ކޮމްޕިއުޓަރުން އޭނާގެ މެއިލްތައް ބަލަންފެށިއެވެ.

ހުރިހާ މެއިލްތަކުގެ ތެރެއިން ރިހާމްގެ ލޮލުގައި އަޅައިގަތީ އެންމެ މެއިލް އެކެވެ. ވަގުތުން އޭނާގެ ތުންފަތަށް ހިނިތުންވުމެއް ވެރިގެން ދިޔައެވެ. އަވަސް އަވަހަށް ހުޅުވާލުމާއިއެކު އޭގައި ލިޔެފައި އޮތް އެއްޗެއް ކިޔާލިއެވެ. އިރުކޮޅަކު ކޮމްޕިއުޓަރުގެ ސްކުރީނަށް ހެވިފައި ބަލަހައްޓައިގެން އިން ރިހާމް މޭޒުމަތީ ބާއްވާލަފައި އޮތް އޭނާގެ ފޯނު ނެގިއެވެ.

“ޝިޓް، މިގަޑީގަ ބިޒީވާނެ، އެކަމަކު އަހަރެން ބޭނުން މިވަގުތު ތިއަޑު އަހާލަން” ފޯނަށް ބަލާލާފައި ކަމެއް ހަނދާންވުމުން ރިހާމް އޭނާގެ ހަށިގަނޑު ގޮނޑިއަށް ދޫކޮށްލާފައި ބުނެލިއެވެ. އަދި އަތަށް ނެގި ފޯނު އަލުން މޭޒުމަތީ ބާއްވައިފިއެވެ. އެހެން އިންދާ ބައްދަލުވުމުގެ އެޖެންޑާ ހިފައިގެން ޞޮފާ އައިސް އެ ކެބިންނަށް ވަނެވެ. އަދި އަތުގައި އޮތް ގަނޑު ރިހާމަށް ދިއްކޮށްލިއެވެ.

“ހާދަ ކަންނެތް ގޮތަކަށް” ރިހާމް އިން ގޮތުން ޞޮފާ ބުނެލިއެވެ.

“ކޮބާ މީޓިން ރޫމު ތައްޔާރުވެއްޖެތަ” ރިހާމް، ޞޮފާއަށް ޖަވާބު ދިނުމުގެ ބަދަލުގައި ކުރީ ސުވާލެކެވެ. އެއީ އޭނާ ބައެއްފަހަރު ކުރާ ކަމެކެވެ. އޭނާ ޞޮފާ އާއި ހީ ސަމާސާ ކުރަނީ އޭނަގެ މޫޑު ހުންނަ ގޮތަކުންނެވެ. މިވަގުތު ރިހާމް އިނީ އޭނާގެ ހިތާ ގުޅިފައިވާ ޚިޔާލަކަށް ގެއްލިފައެވެ. ޞޮފާ އައުމުން އޭނާއަށް ވަރަށް އުނދަގޫވީއެވެ. އެހެންވެ ބޭނުންވީ މާގިނަ ވާހަކަ ނުދައްކާ އެ ތަނުން އޭނާ ފޮނުވާލާށެވެ. އެކަން ޞޮފާއަށް ވިސްނިގެން ރިހާމްގެ މޭޒުމަތީ ގަނޑުތައް ބެހެއްޓި ގޮތަށް އަވަސް އަވަހަށް އެ ކެބިން އިން ނުކުމެއްޖެއެވެ.

“ލަޔާތަ، ރިހާމަށް މި އެޕާޓްމެންޓު ބަލަހައްޓައިދެނީ” ފޫހިވެފައި އިން ޖިޔާ ބަދިގޭގެ މަސައްކަތުގައި އުޅުނު ބިދޭސީ މީހާ އާއި ވާހަކަދެއްކިއެވެ.

“ބޮސް ގެންނަނީނު އަހަރެން، ދެން އެޕާޓްމެންޓު ބަލަނީ” ރަނގަޅަށް ދިވެހިން ވާހަކަދައްކަން ނޭނގޭ ލަޔާ ޖަވާބު ދިނެވެ.

“މި އެޕާޓްމެންޓުގައި ކުރިން އެހެން މީހަކު އުޅުނުތަ، މިބުނީ… އަންހެން ކުދިން” ޖިޔާ އަހާލި ގޮތުން ހީވީ ކަމެއް އެނގެން ބޭނުންވެފައި އިން ހެނެވެ. އޭނާ ރިހާމާއި ގުޅޭ ގޮތުން ކަމެއް ހޯދަން ބޭނުންވަނީ ކަންނޭނގެއެވެ.

“ބޮސްގެ ލޭޑީ ފްރެންޑް ނުތިބެނީނު، މެޑަމް ފަސްޓު އަންނަނީ އެޕާޓްމެންޓަށް” ލަޔާ އަށް ޖިޔާ އަހަން ބޭނުންވަނީ ކީކޭކަން އެނގުނީތީ ކުޑަކޮށް ހީނލާފައި ބުންޏެވެ.

ޖިޔާ އަށް އިތުރަށް އެއްޗެއް އަހާކަށް ދެން ނުކެރުނެވެ. އޭނާވެސް ހީނލާފައި އިން ތަނުން ތެދުވެގެން އައީ ސިޓިން ރޫމަށެވެ. ޓީވީ ހުޅުވާލަމުން ސޯފާގައި އޯށޯވެލައިގެން އޮތެވެ. ކުރާނެ ކަމެއްނެތި ފޫހިވެފައެވެ.

* * * *

“ދެން އަވަހަށް އަންނަން އުޅޭ، އައި ރިއަލީ މިސް ޔޫ، ތިހާ ވަރަށް އަހަރެން ލައްވާ އިންތިޒާރު ކުރުވާކަށް ނުވާނެ އެންނު” އޮފީހުން ނުކުންނަން އުޅުނު ރިހާމް ފޯނުން ވާހަކަދައްކަން ކެބިންގައި މަޑުކޮށްލިއެވެ. އެހެން ހުރި އިރު މަޑުމަޑުން ކަރުގައި އޮތް ޓައިވެސް ދޫކޮށްލާފައި ކަރުން ނައްޓާލައިފިއެވެ. އަދި ފަޓުލޫނު ޖީބަށް ޓައީ ލިއެވެ. ރިހާމްގެ ވާހަކަތައް ހުރި ގޮތުން ހީވަނީ އޭނާ ފޯނުން ވާހަކަ ދައްކަނީ ވަރަށް ގާތް މީހަކާ ހެނެވެ. ވަރަށް ގިނަ ފަހަރު މަތިން ހަނދާންވާ ވާހަކަ އާއި އަވަހަށް އަންނާށޭ ބުނެއެވެ. ފޯނު ކޯލު ކަނޑާލީ ގަޑިއެއްހާއިރު ވާހަކަ ދެއްކުމަށް ފަހުއެވެ.

އޮފީހުގެ ދޮރުން ނުކުމެ ނުކުމެ ހުއްޓާ ޞޮފާ، ރިހާމަށް ގޮވާލާފައި އޭނާ ގެއަށް ލާދެވިދާނެތޯ އަހާލިއެވެ. ރިހާމް އަތުކުރީ ގަޑިއަށް ބަލާލާފައި ބޯޖަހާލަމުން އަތުން އިޝާރާތްކޮށްލީ އަންނާށޭ ބުނާ ފަދަ ގޮތަކަށެވެ. އަރާފައި ހުރި އުސް ބޫޓުގައި ގަޔާއި އަތާއި ދޭތެރެއަށް އަތްދަބަސް ލައްވާލަމުން ދުވެލާފައި ޞޮފާ އައެވެ. އެ ދެ ޒުވާނުން އޮފީހުން ނުކުތުމާއިއެކު ހަވީރަށް މަގުތަކަށް ނުކުމެ އުޅުނު މީސްމީހުންގެ ލޮލުގައި ވަރަށް އަޅައިގަތެވެ. އެކަން އެނގި ޞޮފާ ކުރިއަށްވުރެ ރިހާމާއި ގާތަށް ޖެހިލައިގެން ހުރެ ހިނގަމުން އައިސް ރިހާމުގެ ކާރަށް އެރިއެވެ.

“ރިހާމް، އަހަރެން ވާހަކައެއް އަހާލަންތަ” ރިހާމް ކާރު ދުއްވާލުމާއިއެކު ޞޮފާ އެއްސެވެ.

“އަހާބަލަ، އެކަމަކު ބުނަން މިރޭވެސް އަހަރެން ފްރީއެއް ނޫން، އެހެންވީމަ އަހަރެން ދާނެކަމަށް އެއްވެސް ކަމެއް ނުރާވާތި” ރިހާމް ބުނެލިއެވެ.

“އޯކޭ، އަސްލު ފްރީ ތޯ އަހާކަށް ނޫން މިއުޅެނީ، ސީރިއަސްކޮށްވެސް ހަމަ ކުއްޖަކާ މެރީ ކުރީތަ، އަހަރެން އަންހެނުންނޭ ކިޔައިގެން ރިހާމް އާއި ދިމާކުރިޔަސް އެއްވެސް އެއްޗެއް ނުބުނޭ، އަނެއްކާ މެރީ ނުކުރަމޭވެސް ނުބުނޭ، ނޫނީ ކޮށްގެންނޭވެސް ނުބުނޭ، އަޅެ އަހަންނަށް ޖަވާބެއް ދީބަލަ، ޕްލީޒް” ޞޮފާ ސީރިއަސްވެލާފައި ބުންޏެވެ. ކާރު ދުއްވަން އިން ރިހާމް ޞޮފާއަށް ބަލާލިއެވެ. އަދި ހީނލާފައި ވާހަކަދައްކަން ފެށިއެވެ.

“އަހަންނަށް އެނގޭ ޖިނާހުކަން ތިވާހަކައެއް ތިދައްކަނީ، އެކަމަކު އަހަރެން ހިތަށް މިއަރަނީ، ކޮންމެހެން އަހަރެން ޞޮފާއަށް ޖަވާބު ދާރީ ވާންޖެހޭ ވަރު ކަމެއްހޭ އެއީ، އަހަރެން މީހަކާ އިނަސް އަދި ނީނަސް އެއީ އަހަރެންގެ އަމިއްލަ ކަމެއް ދޯ، އަހަރެންގެ އެއްވެސް މައްސަލައެއް ނެތް، އެމީހަކަށް ފެންނަ ގޮތަކަށް ފެންނަ އެއްޗެއް ބުނަންވީ، އެކަމާ އަހަރެންގެ ފަރުވާލެއް ނެތް، ޞޮފާ ޖިނާ ގާތު އަހަންވީނު އެކަމުގެ ތެދު ދޮގު” ފަރުވާކުޑަ ރާގެއްގައި ރިހާމް ބުންޏެވެ.

“އަހައިފިން، ޖިނާ ބުނީ ރިހާމް މީހަކާ އިންތާ މިހާރު ދެމަހަށްވުރެ ގިނަދުވަސް ވެއްޖެކަމަށް، އެކަމަކު ދެން ކީއްވެ އެއްވެސް މީހެއް ގާތު ނުބުނަން ރިހާމް ތިއުޅެނީ، އަސްލު އަހަރެން ހީކުރީ ރިހާމް އަކީ އަހަރެންގެ ފްރެންޑެއް ކަމަށް، އެހެންވެ ޖިނާ ބުނީމަވެސް ޤަބޫލު ނުކުރެވިގެން ރިހާމް ގާތު މި އެހީ، ދެން އެނީވޭސް އޯކޭ” ޞޮފާ ބޭނުންވި ޖަވާބު ރިހާމް ނުދޭނެކަން އޭނާއަށް އެނގުނެވެ.

* * * *

އަހަރު ނިމެން ގާތްވަނީއެވެ. އޮކްޓޯބަރު މަހުގެ ފިނިރޭތަކުން ރެއެކެވެ. ނިދާފައި އޮތް ރިހާމް ސިހިފައި ތެދުވީ އޭނާގެ ފޯނުގެ އެލާމު އަޅަން ފެށި އަޑަށެވެ. ގާތުގައި އޮތް ޖިޔާ އަށްވެސް ހޭލެވިގެން ބަލާލިއެވެ. ރިހާމް އަވަސް އަވަހަށް ފޯނުގެ އެލާމް ކަނޑާލާފައި ހިނގައިގަތީ ފާޚާނާ އަށް ވަނުމަށެވެ. ނިދީގެ އަސަރު ޖިޔާގެ ލޮލުގައި ހުއްޓެއް ކަމަކު ރިހާމްގެ ހަރަކާތްތައް ހުރި ގޮތުގެ ސަބަބުން އޭނާ އޮތީ ހައިރާންވެފައެވެ. ގަޑިން ވީއިރެއް ޖިޔާ ބަލާލިއެވެ. ދަންވަރު ތިނެއް ޖަހަނީއެވެ. އަލުން ނިދަން ހިތަށް އަރާފަވެސް ޖިޔާ ތެދުވެ އެނދުގައި އިށީނދެލައިގެން އިނެވެ.

“ރިހާމް ކަމެއް ބޭނުންވީތަ” ފާޚާނާއިން ރިހާމް ނުކުތުމުން ޖިޔާ އަހާލިއެވެ. އެއާއިއެކު ރިހާމް ވަގުތުން ނޫނެކޭ ބުންޏެވެ. އަދި ޖިޔާ އޮށޯވެ ނިދުމަށްވެސް އޭނާ ބުންޏެވެ. ޖިޔާ މަޑުމަޑުން އޮށޯތެއް ކަމަކު ނުނިދުނެވެ. ރިހާމް އުޅޭ ގޮތެއް ބަލަން އޮވެވުނީއެވެ. ޖިޔާ އެހެން އޮއްވާ، ރިހާމް އައިސް އަލަމާރިން ޓީޝާޓަކާއި ޖިންސެއް ނަގައި، އެލައިގެން ކޮޓަރިން ނުކުންނަށް ހިނގައިގަތެވެ. އަނެއްކާވެސް ޖިޔާ ފުންމައިގެން ތެދުވެއްޖެއެވެ. މިފަހަރު ހަލުވިކަމާއިއެކު ބޭރަށް ނުކުން ރިހާމްގެ ފަހަތުން ޖިޔާވެސް އައެވެ.

“މިގަޑީގަ ބޭރަށް ދަނީތަ” ކަންބޮޑުވެފައި ހުރި ފަދަ ގޮތަކަށް ޖިޔާ އަހާލިއެވެ.

“އާން، ޖިޔާ ދޭ ނިދަން، ކީއްވެތަ އަހަރެންގެ ފަހަތުން ތި ނުކުތީ، އިރުކޮޅަކުން މިއަންނަނީ” ރިހާމް އެޕާޓްމެންޓުގެ ދޮރު ހުޅުވާލާފައި ޖިޔާ އަށް ބަލާލަމުން ބުންޏެވެ. އަދި ޖިޔާ އެތެރެއަށް ހިނގައިގަންނަންދެން އެގޮތަށް ބަލަން ހުރެފައި ޖިޔާ ދިއުމުން އަވަސް އަވަހަށް ދޮރު ލައްޕާ ތަޅުލައިފިއެވެ. އަދި ލިފްޓަށް އަރާ ދެފަހަރަކު އެންމެ ތިރިއަށް ދިއުމަށް ފިތަށް އޮބާލައިފިއެވެ. ހަރަކާތްތައް ހުރި ގޮތުން ހީވަނީ ކޮންމެވެސް ކަމަކާ ރިހާމްގެ ހިތް އަވަސްވެފައި ހުރި ހެނެވެ. ގޭން ނުކުމެގެން ކާރަށް އެރިގޮތަށް އޭނާގެ މިސްރާބު ހުރީ ހުޅުލެއަށް ދާ ފެރީތަކާއި ދިމާލަށެވެ. އަވަހަށް އެއަރޕޯޓަށް ދިއުމަށެވެ.

ރިހާމް އާއި ޖިޔާގެ ކައިވެންޏަށް ފަސްމަސްވެގެން ދިޔައިރުވެސް، އޭނާ އާއި ޖިޔާ އާއި އޮތް ގުޅުން އެއްވެސް މީހަކަށް ނޭނގެއެވެ. އެންމެ އެއްކޮށް އުޅޭ މީހަކީ ޖިނާއެވެ. އޭނާއަށްވެސް އެނގެނީ ރިހާމް ކައިވެންޏެއް ކުރިކަމެވެ. ކުރީ ކޮންގެއަކު ކޮންކުއްޖަކާ ކަމެއް ނޭނގެއެވެ. ރިހާމްގެ އެއްވެސް ރަޙުމަތްތެރި އަކާއި ޖިޔާ ބައްދަލު ކޮށްދީފައެއް ނުވެއެވެ. އެންމެ ކުޑަމިނުން ޖިޔާގެ ފޮޓޯ ގަނޑެއްހާ ހިސާބުވެސް ރިހާމް ނުގެންގުޅެއެވެ. ފަސްމަސް ކައިވެންޏަށް ވިޔަސް އެދެމަފިރިންގެ ގުޅުން އަދިވެސް އޮންނަނީ އެނދުމަތީގައެވެ. އެނޫން ގޮތަކަށް ރިހާމް، ޖިޔާ އާއި ގާތް ވާން ބޭނުން ނުވާ ކަހަލައެވެ. މިހާރު އަދި ވަކިން ރިހާމްގެ އަޅާލުން ޖިޔާއަށް ލިބޭލެއް ކުޑައެވެ. ނިދަން ނާންނަ ރޭ ރޭ މަދުން ނަމަވެސް ދެއެވެ.

ދުނިޔޭގައި ހިނގާ ކަންތައްތަކުން ހަމައެކަނި ޖިޔާ އަށް އެނގެނީ ޓީވީގެ ޒަރިއްޔާއިން އޭނާއަށް ފެންނަ މަންޒަރުތަކެވެ. އެހެންނަމަވެސް އޭނާގެ އެންމެ ގާތުން އެނގެންވީ ކަންކަން ވަނީ ނޭނގިފައެވެ. ޢާއިލާ މީހުންނާއި ގާތް ރަޙުމަތްތެރިންގެ ހާލެއް އެނގެނީއެއް ނޫނެވެ. ރިހާމް ގާތު އެކަނި ގޭގައި ހުންނަން ފޫހިވާ ވާހަކަ ޖިޔާ ބުނުމުންވެސް އޭނާ ވަނީ އެކަމަށް އެއްވެސް ޖަވާބެއް ނުދީފައެވެ. އޭގެ އިތުރުން ކައިވެންޏަށް ތިންމަސްވީ ތަނާހެން ޖިޔާ ހޮޑުލާން ފެށުމުން ރިހާމް ވަރަށް ކަންބޮޑުވިއެވެ. ރިހާމަށް ހަމަނޭވާ ލެވުނީވެސް ޖިޔާގެ ލޭގެ ރިޕޯޓް ބެލިފަހުންނެވެ. އޭގެ ފަހުން ރިހާމް ވަނީ ޖިޔާ ކެއުމަށްޓަކާ ބޭސް ގެނެސްދީފައެވެ. އެއީ ކޮންކަމަކަށް ކާ ބޭހެއް ކަމެއް ޖިޔާ އަށް ނޭނގުނަސް ރީހާމް ބުނެފައިވަނީ އެއީ ޑޮކްޓަރު ދިން ބޭހެއް ކަމަށެވެ. އަދި ކޮންމެ މަހަކު އޭގެ ކާޑެއް ހުސްވެއެވެ. އިތުރަށް ސުވާލު ކުރަން ޖިޔާ ބޭނުން ނުވީވެސް އެހެންވެއެވެ. ބަލިވުމުން ރިހާމްގެ ފަރާތުން ފުރަތަމަ ފަހަރަށް ސަމާލުކަން ލިބުމުން އެކަމާ ޖިޔާ ހުރީ ވަރަށް އުފަލުންނެވެ. އަދި ބަރާބަރަށް ބޭސް ކަންތޯ ރިހާމް ސުވާލު ކުރާތީ އެކަމާ ވެސް ޖިޔާ ހިތްހަމަޖެހެއެވެ. އެފަދަ ކުޑަކުޑަ  ކަމަކުންވެސް ރިހާމް، ޖިޔާ އާއި މެދު އަޅާލާހެން ހީވާތީއެވެ. ރިހާމް ދުވަހަކުވެސް ބާރަށް ޖިޔާ އާއި ވާހަކަދައްކާ، އަދި އަނިޔާކޮށްފައެއްވެސް ނުވެއެވެ. އެހެންވެ ރިހާމް އަކީ ނުބައި ފިރިއެކޭ ބުނާކަށް ޖިޔާ ބޭނުމެއްނުވެއެވެ.

ރޭގަނޑުގެ ބާކީ އޮތްބައިގައި ޖިޔާއަށް ނިދޭގޮތެއް ނުވިއެވެ. ވިސްނެނީ ރިހާމާއި މެދުގައެވެ. އޭނާގެ ހަރަކާތްތައް އަވަސްވެފައި ހުރީ ކޮންކަމަކާއި ގުޅިން ބާއެވެ. އަނެއްކާ ކަމެއް ހަނދާންވުމުން އެކަމެއް ކުރަން ދިޔައީ ނޫންކަމެއް ނޭނގެއެވެ. މިނޫނީ މިފަދަ ގަޑިއަކު ރިހާމް ބޭރަކަށް ނުނިކުމެއެވެ. އެވެސް އެހާ ހާސްވެފައި ހުރި ކަހަލަގެ ގޮތަކަށެވެ. ނިތްމަތީ އަތްބާއްވާލައިގެން ނިކަން ހަރު ގޮތަކަށް ޖިޔާ އޮތެވެ. އެހެން އޮތް އިރު ދޭތެރެއަކުން ފޯނަށްވެސް ބަލާލައެވެ.

“ސޮރީ، ސޮރީ…” މޫނު ހަދާލައިގެން އެރައިވަލް ގޭޓު ކައިރީ އެއްފަރާތެއްގައި މަޑުކޮށްލައިގެން ހުރި އަންހެން ކުއްޖާއަށް ރިހާމް ބަލާލަމުން ބުންޏެވެ. އެއާއިއެކު އެ އަންހެން ކުއްޖާ މޫނު އަނެއް ފަރާތަށް އަނބުރާލަމުން ޓްރޯލީ ހިފައިގެން ހިނގައިގަތީ ފެރީތަކާއި ދިމާލަށެވެ.

“ޝޫޒާ ޕްލީޒް، ޓެންމިނެޓްސް ލަސްވުމުން ތިހާ ރުޅި އަންނާކަށް ނުވާނެ ދޯ، އަހަންނަށް އާދެވުނު އެންމެ އަވަހަށް މިއައީ، ސޮރީ ޑާލިންގް، ތިހެން ނުހުރެ ދެން އަހަންނާ ވާހަކަ ދައްކަބަލަ” ރިހާމް ކުޑަކޮށް ދުވެލާފައި ކަހަލަ ގޮތަކަށް އައިސް އެ އަންހެން ކުއްޖާ އާއި އަރާ ހަމަކުރަމުން ޓްރޯލީގައި ހިފެހެއްޓިއެވެ.

“ޓެންމިނެޓްސް އަކީ ހާދަ ގިނަ ވަގުތެކޭ، ރިހާމަށް އަހަރެންގެ މަތިން ހަނދާންނުވާކަމެންނު މިކަމުންވެސް މި އެނގުނީ، ގައިމު އަހަރެންދެކެ ތިހާ ލޯބިވާނަމަ އަހަރެން އެރައިވަލް ގޭޓުން ނުކުންނަ އިރު މިތަނުގައި ރިހާމް ހުރީސްކަން ޔަގީން، މިއައީ ކިތަށް އަހަރު ފަހުން” ރިހާމް ޓްރޯލީގައި ހިފެހެއްޓުމުން ހުއްޓުނު ޝޫޒާ ހިތްހަމަނުޖެހިފައި ހުރެ ބުންޏެވެ.

“ރުޅި ނައިސް ހިނގާބަލަ، މިނޫން ތަނަކު ތިބެގެން ތިވާހަކަ ދެއްކިދާނެ އެންނު، އަހަރެންގެ މައްސަލައެއްނެތް ޝޫޒާ ހިތްހަމަޖެހޭނެ ވަރަކަށް އަހަންނާއި ދިމާލަށް އެއްޗެހި ކިޔަސް، އެކަމަކު މިތާކު ނޫން، ހިނގާ އަހަންނާއިއެކު ލޯންޗަށް އަރަން، ދެންމެ ރައްޓެއްސަކާ ދިމާވެގެން ބުނި އަހަންނަށް ދަތުރެއް އަޅައިދީފާނަމޭ، ލޯންޗުގަ ދިޔައީމަ މާ އަވަހަށް ދެވޭނެ އެންނު ދޯ” މިހެން ބުނެ ރިހާމް، ޝޫޒާ އާއި ގާތް ވެލާފައި އޭނާގެ އުނަގަނޑުގައި އެއްއަތުން ހިފަހައްޓާލިއެވެ. ޝޫޒާ ހިނިތުންވެލުމަކާއި ނުލާ ހޫން ލައްވާލުމުން ލޯންޗު އޮތް ދިމާލަށް ރިހާމާއިއެކު ދިއުމަށް ހިނގައިގަތެވެ.

މާލެ އެރުމާއިއެކު ޝޫޒާ ގެނައި ދެފޮށިން ކުރެ ބޮޑު ފޮށީގައި ރިހާމް ހިފައިގެން އޭތި ދަމަމުން ޕާކު ކޮށްފައި އޮތް އޭނާގެ ކާރާއި ހަމައަށް ގެންދިޔައެވެ. އޭރު ޝޫޒާ ކުޑަ ފޮއްޓެއް ދަމަމުން އާދެއެވެ. އިރުއިރުކޮޅާ ކޮނޑުގައި އަޅުވާފައި ހުރި ބޮޑު އަތްދަބަސް ރަނގަޅު ކޮށްލައެވެ. ރިހާމް ގާތު ފޮށި ބަހައްޓާފައި ޝޫޒާ އައިސް ކާރުގެ ކުރީ ސީޓަށް އަރައިފިއެވެ.

“ހާދަ ފިންޏޭ، ބޭރުތެރެވެސް މިރޭ އަދި ވަކިން ފިނިހެން ހީވަނީ” ރިހާމް ކާރަށް އަރާ ދުއްވާލުމާއިއެކު ޝޫޒާ ބުންޏެވެ. އަދި ކަރުގައި އޮޅާލާފައި އޮތް ޝޯލަށް ދަމާލަމުން ގައިގެ ބޮޑުބައެއް އޭގެން ފޮރުވާލައިފިއެވެ. ރިހާމް ވަގުތުން ކާރުގެ ފިނި މަޑުކޮށްލިއެވެ. މަގުމައްޗަށް ނަޒަރު ހުއްޓާލައިގެން އިނދެ ފަރުވާތެރި ކަމާއިއެކު ކާރު ދުއްވަމުން އައިސް ރިހާމް މަޑުކޮށްލީ ބޮޑު ގޭޓެއް ލާފައި ހުރި ގެއެއްގެ ކައިރިއަށެވެ. އޭރު ގޭޓުގެ އެތެރޭގައި ޕްލާސްޓިކު ގޮނޑިއެއްގައި އިށީނދެލައިގެން ޒުވާން ބިދޭސީއަކު އިނެވެ. ލާފައި ހުރި ޔުނީފޯމުން އެއީ ސެކިއުރިޓީ ގާޑެއްކަން އެނގުނެވެ. ރިހާމްގެ ކާރު ފެނުމާއިއެކު އެ ބިދޭސީ މީހާ އަވަސްވެގަތީ ގޭޓު ހުޅުވުމަށެވެ. ކުރު ދަތުރަކަށްފަހު ގެއާއި ހަމައަށް އާދެވުނު އިރުވެސް ރިހާމާއި ޝޫޒާގެ މެދުގައި މާބޮޑު މުޢާމަލާތެއް ނުހިނގައެވެ. އަދިވެސް ޝޫޒާ ހީވަނީ ހިތްހަމަ ނުޖެހިފައި އިންހެނެވެ.

“ސަލާމް ބޮސް” ރިހާމް ފެނި ލިފްޓު ކައިރީ އިން ބިދޭސީ މީހާ އަވަސް އަވަހަށް ތެދުވަމުން ބުންޏެވެ.

“ޕަރްވޭޒް، މެޑަމްގެ ފޮށިތައް ގެނެސްދީ މައްޗަށް، އެއިޓް ވަނަ ފްލޯ އަށް” ރިހާމް އެ ބިދޭސީ މީހާ އަށް ބުންޏެވެ. އެ މީހާ އާއި ވާހަކަދެއްކި ގޮތުން އެއީ ކާކުކަން ވަރަށް ރަނގަޅަށް ރިހާމަށް އެނގޭކަން ޔަގީނެވެ.

އެޕާޓްމަންޓުގެ ދޮރުން ޝޫޒާގެ ފޮށިތައް އެތެރެކޮށްލަ ދިނުމަށްފަހު ޕަރްވޭޒު އެތަނުގައި މަޑުނުކޮށް ނުކުތެވެ. އެއާއިއެކު ރިހާމް ވަގުތުން ޝުޒާ ގެނެސް އޭނާގެ އަތުގެ ތެރެއަށް ލިއެވެ. އެހިނދު ޝޫޒާ ތެޅިގެންފައި ރިހާމްގެ އަތުގެ ތެރެއިން ސަލާމަތްވަމުން ރިހާމުގެ މޭގައި އަޅައި ދުރަށް ކޮށްޕާލިއެވެ.

“މިހާރު މާ ލޯބިންކަމަށް ހެދިގެން އުޅޭނެ ކަމެއްނެތް” ޝޫޒާ ރުންކުރު ގޮތަކަށް ބުނެލިއެވެ. ރިހާމް ލުއިލުއި ގޮތަކަށް ހިނލާފައި ޝޫޒާއަށް ކޮޓަރި ދައްކާލިއެވެ. އެއާއިއެކު އިސްއުފުލާލައިގެން ހުރެ ޝޫޒާ ފޮނިގޮތަކަށް ގޮސް ކޮޓަރިއަށް ވަނެވެ. އޭނާގެ ފަހަތުން ފޮށިތައް ހިފައިގެން ރިހާމްވެސް އައިސް ކޮޓަރިއަށް ވަނެވެ. އަދި އެ ކޮޓަރީގައި ހުރި ބޮޑު އެނދަށް ރިހާމް ވެއްޓިގަނެ، ކުރުއަތް މައްޗަށް އޮވެ ޝޫޒާއަށް ލޯބިވެތި ގޮތަކަށް ބަލަން ފެށިއެވެ.

ކަރާއި ދެކޮނޑު ނިވާވާ ވަރަށް އޮޅާލެވިފައި އޮތް ފެހި ކުލައިގެ ޝޯލް ޝޫޒާ ނަގާ ރީތިވާ މޭޒު ކައިރީ ހުރި ގޮނޑިމައްޗަށް އެއްލާލިއެވެ. ހަމުގެ ކުލަ މާ އަލި ނޫނަކަސް އޭނައަށްވެސް ވަނީ އޮމާން ހަންގަނޑެއް ގުދުރަތުން ލިބިދީފައެވެ. ރާޅުބާނި އިސްތަށިގަނޑު ފަންކޮށްލާފައި އޮތުމުން އާންމުކޮށް ޝޫޒާގެ އިސްގަނޑު އޮންނަ ވަރަށްވުރެ ދިގުކަމަށް ދައްކައެވެ. އަދި އެހާމެ ގުޅެއެވެ. އެކިވަރުވަރަށް ކޮށާލާފައި ހުރި އިސްތަށިތައް އޭނާގެ މޫނާއި ސަމާސާ ކުރުމުގައި އުޅެއެވެ. ހަށިގަނޑަށް ބަލާލުމުން ކެއުމުގައި ވަކި މިންގަނޑެއް ގެންގުޅުމުގެ އިތުރުން ކަސްރަތަށް ލޯބިކުރާ ޒުވާނެއްކަން އެނގެއެވެ. ހިނިތުންވެލާ އިރު އޭނާގެ ބޮޑު ދެތުންފަތުގެ އިތުރުން ތުންފަތުގެ ވާތްފަރާތު ހިމަކޮޅުގައި އިން ކަޅުތިލައަކީ އޭނާގެ ހިނިތުންވުމަށް އިތުރު ފަރިކަމެއް ގެނެސްދޭ އެއްޗެއް ކަމުގައި ވެއެވެ. ރިހާމް ބަލަން އޮތް ގޮތުން ޝޫޒާއަށް އުނދަގޫވީ ކަންނޭގެ އެވެ. ކުއްލިއަކަށް ރިހާމަށް ބަލާލިއެވެ.

“ކޯއްޗެއްތަ ތިހާވަރަށް ތި ބަލަނީ” ޝޫޒާ އައިސް އެނދުގައި އިށީންނަމުން އަހާލިއެވެ.

“ނުވަ އަހަރަށް ފަހު ފެނުނީމަ ބޭނުންވަނީ މޮޑެލަން، އާދެބަލަ މިއަތުގެ ތެރެއަށް” ރިހާމް، ޝޫޒާގެ އަތުގަ ހިފައި ދަމައިގަތެވެ. ހީނލެވުނު ޝޫޒާ މިފަހަރު ގަދައެއް ނުދައްކައެވެ.

“ރިހާމް، އަހަރެންވެސް ވަރަށް ބޭނުން މިގޮތަށް ރިހާމުގެ އަތުގެ ތެރޭ އޮންނަން، އެކަމަކު ދެދުވަސް ފަހުން ރަށަށް ފުރަން ޖެހޭނެ، މަންމަމެނަށް ދޮގު ހަދައިގެން މާގިނަ ދުވަހަކު މިގޮތަކަށް ނުހުރެވޭނެ، އަނެއްކާ އަހަރެން ބޭނުމެއްވެސް ނޫން އެހެން އުޅޭކަށް، ރިހާމް ކޮންއިރަކުންތަ އަހަންނާ މޭރީ ކުރާނީ، ކީއްވެތަ މިފަހަރު އެކޮޅަށް ނައީ، އަހަރެން ވަރަށް އުންމީދު ކޮށްގެން ހުރީ ރިހާމް މިއަހަރު މެދުތެރޭ އަހަރެން ގާތަށް އަންނާނެ ކަމަށް، ނޫނީ ހިނގާ މިފަހަރު އަހަންނާއިއެކު ރަށަށް ދަމާ، އޭރުން ދެ ޢާއިލާގެ މެދުގައި ކައިވެނީގެ ވާހަކަ ދެއްކޭނީ” ޝޫޒާ ވަރަށް ލޯތްބާއިއެކު ރިހާމްގެ މޫނުގައި ފިރުމާލަމުން ބުންޏެވެ.

“މިކޮޅުގަ މާ ބިޒީވީމަ ނުދެވުނީ، އަސްލު ދާންށޭ ހުރީ، އަހަރެން ވަރަށް އަވަހަށް ޝޫޒާ އާއި މެރީ ކުރާނަން، ޝޫޒާގެ މަންމަގެ ގާތު ބުނަންވީނު ކައިވެންޏަށް މިކޮޅަށް އަންނަން” ރިހާމް ވިސްނާލާފައި ބުންޏެވެ.

“ނޫން، އެގޮތް ކަމަކު ނުދާނެ، މަންމައަކަށް ނޭނގޭނެ އަހަރެން މިކޮޅަށް އައިކަމެއް، އެމީހުން ހީކޮށްގެން ތިބޭނީ އަހަރެން އަންނާނީ އަދި ދެ ދުވަސް ފަހުން ކަމަށް، އަނެއްކާ ކާފަ ޤަބޫލެއް ނުވާނެ މާލެ އަންނާކަށް، މާލޭ މީހުންދެކެ ކާފަ ވަރަށް ރުޅިއަންނާނެ، އެކަމަކު ރިހާމާ ކައިވެނި ކުރަން އުޅޭކަން އެނގިޖެއްޔާ އަހަންނަށް އެނގޭ ގޭގެ ހުރިހާ އެންމެވެސް ޤަބޫލު ވާނެކަން، ކާފަވެސް ހިތްހަމަ ޖެހޭނެ ރިހާމާއި ދޭތެރޭ، މިހާރު މާލެ ވިޔަސް ރިހާމުގެ އަސްލަކީ ހަމަ އަހަރުމެންގެވެސް އަސްލެންނު، ރިހާމްގެ ޢާއިލާވެސް އެއުޅެނީ ރަށުގަ ވިއްޔާ” ޝޫޒާ ބުންޏެވެ.

“ދެން ރަށުގަ މެރީ ކުރާނީ، ޝޫޒާ ގާތު އަހަރެން ވަރަށް ބޮޑު ވާހަކައެއް ބުނަންވެފަ އެބަ އޮތް، އަހަރެން ބޭނުމެއްނޫން އެއްވެސް ވަރަކަށް ޝޫޒާ އަށް ކަމެއް އޮޅުވާލާކަށް” ރިހާމް މަޑުމަޑުން ޝޫޒާގެ ކަނދުރާ ދަށުގައި އޮތް އަތް ދަމައިލަމުން އެނދުން ތެދުވިއެވެ.

“ކޮންވާހަކައެއް ބުނަންވެފަ އޮތީ” ހިތްހަމަޖެހިފައި އޮތް ޝޫޒާގެ މޫނުމަތިން ނުތަނަވަސްކަން ވަގުތުން ފާޅުވެގެން ދިޔައެވެ.

“އަހަރެން… އަހަރެން މިއުޅެނީ މީހަކާ އިނދެގެން، އަހަރެން ބޭނުމެއްނޫން އަހަރުމެންގެ ކައިވެނި ކުރެވޭ ފަހުން މި ކަހަލަ ވާހަކައެއް ޝޫޒާގެ ކަންފަތާއި ހަމައަށް އަންނާކަށް، އެހެން…” ރިހާމްގެ ވާހަކަ މެދު ކެނޑުނީ ކުއްލިއަކަށް އެނދުން ތެދުވި ޝޫޒާ ފެނިފައެވެ.

“އަހަންނަށް ނޭނގިނަމަވެސް އެހެންވީމަ މިބުނެވުނީ ރަނގަޅަށްތާ ދޯ، ރިހާމް އަހަރެންދެކެ ލޯބި ނުވާތީ ތި ކަހަލަ ކަމެއް ކުރާނީ، މިވީ  ނުވަ އަހަރު ތެރޭ އަހަރެން ނޯންނާނެ އެހެން ފިރިހެނަކަށް އެފަދަ ގޮތަކަށް ބަލާލާފަވެސް، އަނެއްކާ ރިހާމް އަހަރެން ހައްދަނީތަ، ރިހާމު ތިކަހަލަ ވާހަކައެއް ނުދެއްކިޔަސް އަހަރެން ރިހާމްދެކެ ލޯބިވާ ވާހަކަ ބުނެފާނަމޭ” ފެންކަޅިވެފައި ހުރެ ޝޫޒާ ބުންޏެވެ.

“ޝޫޒާ ހައްދަނީކީ ނޫން، އަހަންނަށް އެނގޭ ޝޫޒާ އަހަރެންދެކެ ލޯބިވާކަން، އަދި އަހަރެންވެސް ޝޫޒާ އަށްވުރެ ބޮޑަށް ލޯބިވާ އެހެން މީހަކު މި ދުނިޔެއަކު ނުހުންނާނެ، އެކަން ޤަބޫލު ކުރޭ، އިސްކޫލު ދުވަސްވަރުން ފެށިގެން އަހަރެންގެ ހުރިހާ ހިތްހަމަޖެހުމެއް ވަނީ ޝޫޒާ އާއިއެކު، މިއަދު އަހަރެން ބޮޑު ފައިސާ ވެރިއަކަށްވުމުގެ އެންމެ ބޮޑު މަޤްޞަދަކީވެސް، ޝޫޒާއަށް ދުނިޔޭގެ ހުރިހާ އުފާވެރިކަމެއް ހޯދާދިނުން، އެކަމަކު އަހަރެންނަކީ ވަފާތެރި ފިރިހެނެކޭ ބުނެވޭކަށް ނެތް، މީ އެއްގޮތަކަށްވެސް އަހަރެން ބޭނުންވި ގޮތެއް ނޫން، އެހެންވެ މިވާހަކަތައް ޝޫޒާއަށް ކިޔައިދޭން ބޭނުންވަނީ، ޝޫޒާ ދެރަވެ ކަރުނަ އަޅާތަން ބަލާކަށް އަހަރެންގެ ހިތަކަށް ކެތެއްނުވާނެ، ޝޫޒާ، އަހަރެންގެ ކިޔެވުން ނިންމާލީ މާލޭގެ ގެއެއްގައި ވަރަށް ހާލުގައި އުޅެގެން، އެމީހުން އަހަންނަށް ޝަރުތުކުރީ އެމީހުންގެ އަންހެން ދަރިފުޅާ ކައިވެނި ކުރަން، މި ޒަމާނުގައި ފައިސާ ބޭނުންނުވާނީ ކާކު، އަހަންނަށް ނޫނެކޭ ބުނަން ނުކެރުނީ އެގޭ ބޭބެ މަރުގެ ތަންމަތީގައި އޮވެ އަހަރެންލައްވާ އެކަމަށް ވަޢުދު ކުރުވުމުން، އެކަމަކު އެގޭ ދައްތަ ގާތު އަހަރެން ވަރަށް ދެކޮޅު ހެދިން، ކައިވެނި ކުރީ އެއްވެސް ގޮތެއް ނެތިގެން، އަހަރެން އޭނާ އާއިއެކު އުޅޭކަށް ބޭނުމެއްނޫން، އަހަރެން އަބަދުވެސް އިންތިޒާރު މިކުރަނީ ޝޫޒާ އާއި ކައިވެނި ކުރެވޭނެ ދުވަހަކަށް، ޝޫޒާ، އަހަންނާ ދެންވެސް އިންނާނަންތަ، ނޫނެކޭ ނުބުނައްޗޭ، ޕްލީޒް… އައި ބެގް ޔޫ” ރިހާމް ހިތްދަތި ގޮތަކަށް ޝޫޒާ އާއި ދިމާލަށް ބަލާލިއެވެ.

“އަހަންނަށް ޤަބޫލު ކުރަން ވަރަށް ދަތި، ރިހާމް ޤަބޫލު ނޫން ކަމެއް ރިހާމުލައްވާ އެހެން ބަޔަކަށް ނުކުރުވޭނެ، އެހެންނޫނަސް ރިހާމު އެގޭގައި ކިޔަވަން ހުއްޓޭ ކިޔާފަ އެމީހުންނަށް ރިހާމުގެ ދިރިއުޅުމާ ބެހެވޭތަ، ކިޔެވި ދުވަސްވަރު އެމީހުނަށް ވާވަރަށް މަސައްކަތް ކޮށްދީގެންނު ރިހާމު އުޅުނީ” ޝޫޒާގެ އަޑުގައި ރުޅި އާއި ހިތާމަވަނީ އެކުވެފައެވެ.

“އެހެންވެގެންނު މިބުނަނީ އެމީހުން އުޅެނީ އަހަރެންގެ ފައިސާ އާއި ހެދިޔޭ، އަހަރެން ކުޑަކޮށްވެސް އެ އަންހެން ކުއްޖާދެކެ ލޯތްބެއް ނުވޭ، އަންބެއްގެ މަގާމު ޝޫޒާ ނޫން މީހަކަށް ނުދޭނަމޭ، އަހަރެން އޭނާ އާއި ކައިވެނި ކުރިކަން މީހަކަށް ނުވެސް އަންގަން، އެކަމަކު އަހަންނާއިއެކު އުޅޭ ޖިނާހަށް އެކަން ވަނީ ޝައްކުވެފަ، އޭނާ އެހެން އުޅެމުން ހަޤީޤަތް ހޯދައި ފާނެ، އެކަމަކު އަހަރެން ބޭނުމެއްނޫން ޝޫޒާ އަށް އެއްވެސް ކަމެއް އޮޅިފަ އޮންނާކަށް، ޕްލީޒް ޝޫޒާ، އަހަރެން މިދައްކާ ވާހަކަ ޤަބޫލު ކޮށްބަލަ، އެއީ އެއްގޮތަކަށްވެސް އަހަރެން ޤަބޫލުވެގެން ކުރި ކައިވެންޏެއް ނޫން” ރިހާމް މަޑުމަޑުން އައިސް ޝޫޒާގެ ގާތުގައި ހުއްޓުނެވެ.

“ކޮބާ މިހާރު އޭނަ، މި ގޭގަތަ ހުންނަނީވެސް” ޝޫޒާ ދެރަވިވަރުން ކޮޅަށް ހުންނަން އުނދަގޫވިއެވެ.

“އޭނާ މިވަގުތު ހުރީ އަހަރެން ކުއްޔަށް ހިފާފައި ހުރި އެޕާޓްމެންޓެއްގައި ބަހައްޓާފައި، މިގެއަކީ ހަމައެކަނި ޝޫޒާގެ ހައްޤެއް، ކޮންމެވެސް ކަމެއްވެގެންނު އަހަރެން ޝޫޒާ ވިލާ މިގެއަށް ކީވެސް” ރިހާމް، ޝޫޒާގެ ގާތުގައި އެނދުގައި އިށީނދެ އޭނާގެ ދެއަތްތިލަ ތެރެއަށް ޝޫޒާގެ އަތްތިލަ ލިއެވެ.

“ރިހާމް… އަހަރެން… އަހަރެން ތި ވާހަކަތައް ޤަބޫލުކޮށްފިން، އެކަމަކު އަހަރެން ބޭނުންވަނީ ރިހާމަކީ ހަމައެކަނި އަހަރެންގެ މީހަކަށްވާން، ރިހާމްގެ ގައިގާ އެހެން އަންހެނަކު އިނގިލި ކުރިވެސް ޖައްސާލާކަށް އަހަރެން ބޭނުމެއްނޫން، އަހަރެންގެ ޕްލޭންގައި ދެން އޮތީ ކުރިންވެސް އަދި އަބަދުވެސް ރިހާމް ގާތު ބުނަމުން އަންނަ ގޮތަށް، ރިހާމާއި ކައިވެނިކޮށްގެން ދިރިއުޅުމެއް ފެށުން، އޭގެ ފަހުގައި ލޯބި ލޯބި ދެ ކުދިން ހޯދުން، އަދި އަހަރެން ކިޔައިވެގެން މިއައި އެއްޗެހީގެ ބޭނުން ރަނގަޅު ގޮތުގައި ހިފުން، ދެރަވަނީ، އެހެން މީހުނަށް އަދި ނޭނގުނަސް އަހަންނަކީ ރިހާމުގެ ފުރަތަމަ އަންބަށް ނުވާނޭތީވެ، އަހަރެން އުފާވެސް ވެއްޖެ، ރިހާމް ތި ވާހަކަ އަހަންނަށް ކިޔައި ދިނީމަ، އެކަމަކު މިހާރު އަހަރެން ބޭނުންވަނީ ވަރަށް އަވަހަށް ކައިވެނި ކުރަން، މި މަހުގެ ތެރޭ އެކަން ނިންމަން އަހަރެން ބޭނުން، އަދި ރިހާމުގެ އަންހެނުންނާއި ބައްދަލު ކުރަންވެސް ބޭނުން” ޝޫޒާ ވިސްނާލާފައި ބުންޏެވެ.

“އަހަރެން ޔަގީންކަން ދެން އަހަރެން ޝޫޒާ އާއި ކައިވެނި ކުރަން ބޭނުންވާކަމުގެ، ޝޫޒާ ނޫން އެހެން އަންހެން ކުއްޖަކަށް އަހަންނާ ގާތެއް ނުވެވޭނެ، އެކަހަލަ ފުރުޞަތެއް އަހަރެން ނުދޭނަން، ޝޫޒާ ކީއްކުރަން އެ އަންހެނާ އާއި ބައްދަލު ކުރަނީ، އޭރުން ބޮޑު މައްސަލަ ގަނޑެއް ހިލުވާލަ ފާނެ، އަހަރެން ބޭނުމެއްނޫން ތި ދެމީހުންގެ މެދުގައި ފިތި ބާރުވާކަށް، އަހަރެން މި ބުނީނު އަހަރެން ޝޫޒާ އާއި ކައިވެނި ކުރާނަމޭ، ޝޫޒާ ބޭނުންވާ ގޮތަށް، މިމަސް ކަމަށް ވެއްޖެއްޔާ، މި މަހުވެސް ކައިވެނި ކުރަންވީ، އަހަރެން ތައްޔާރު” ރިހާމް ބޭނުންވީ ޝޫޒާއަށް އޭނާގެ ތެދުވެރި ކަމާއި ވަފާތެރިކަން އަންގާށެވެ.

“ކޮންނަމެއް ކިޔާ ކުއްޖަކާ މެރީ ކުރީ” ޝޫޒާ ވަރަށް އަވަހަށް އަހާލިއެވެ.

“ޖިޔާ” ރިހާމް މަޑުމަޑުން ބުނެލިއެވެ.

“އޭނަ އާއި ބައްދަލު ކުރަން އަހަރެން ބޭނުން، ރިހާމް އަހަރެން ބޭނުންވާ ގޮތަށް ކަންތައްކޮށްދޭން ޖެހޭނީ، އެހެންނޫނީ ރިހާމް އަހަރެންދެކެ ލޯބި ނުވަނީ، އަރާ އިރާއިއެކު އަހަރެން ބޭނުންވަނީ ތިބުނާ އެޕާޓްމެންޓެއްގަ ހުންނަން، ރިހާމަށް މަޖޫބުރު ކުރުވައިގެން ކައިވެނި ކުރިޔަސް، އޭނަ ވަރި ނުކުރެވިއެއް ނުހުންނާނެ އެންނު، އަހަރެން ބޭނުންވަނީ އޭނާއަށް އަންގަން ރިހާމަކީ އަހަރެންގެ މީހެއްކަން، އަދި ރިހާމުގެ ހުރިހާ އެއްޗަކަށް އެންމެ ހައްޤު މީހަކީވެސް އަހަރެންކަން، އެގޮތަށް އެއްޗެހި ފޭރިގަންނަން އުޅޭ މީހުންނާ ކުރިމަތި ލާން އަހަންނަށް ވަރަށް ރަނގަޅަށް އެނގޭ” އެއްޗެއް ނުބުނެ އެތައްއިރަކު ޝޫޒާ އިނުމަށްފަހު ނިކަން ބާރަށް ވާހަކަދައްކަން ފެށިއެވެ. ރިހާމުގެ މޫނުމަތިން ހާސްކަން ފެނިގެން ދިޔައެވެ. އޭނާ އެއްގޮތަކަށްވެސް ޝޫޒާ އާއި ޖިޔާ ބައްދަލުވާކަށް ނޭދެއެވެ. ޖިޔާގެ ގޮތް މިވީ ފަސްމަސް ދުވަހަކުގެ ތެރޭގައި ރިހާމަށް ވަނީ ކޮންމެވެސް ވަރަކަށް އެނގިފައެވެ. ޖިޔާ އާއިއެކު އުޅެން އޭނާއަށް ވަރަށް ފަސޭހައެވެ. މާގިނަ ސުވާލެއް ޖިޔާ އޭނާއަކާއި ނުކުރެއެވެ. ކޮންތާކުންތޯ އައީވެސް އަހާނުލާނެއެވެ. އެއީ ރިހާމު ބޭނުންވާ ގޮތްވެސް މެއެވެ. މި ޒަމާނުގައި ފިރިމީހާ ބުނުމުން އޭނާގެ ބަސްއަހައިގެން އިންނަ އަންހެން ކުދިން ހޯދުމަކީ އެހާ ފަސޭހަ ކަމަކަށް ނުވާނެއެވެ. ހަމަގައިމުވެސް ޝޫޒާ، ޖިޔާގެ މަޤާމުގައި އިންނަމަ، ޖިޔާ ފަދައިން ނީންނާނެކަން ރިހާމަށް ޔަގީންވެއެވެ. ޖިޔާގެ ބަސްމަދު ކަމުގެ ފައިދާ ޝޫޒާ ކަހަލަ އަންހެނަކަށް ވަރަށް ރަނގަޅަށް ނެގިދާނެއެވެ. އެހެންނޫނަސް ރިހާމަށްވެސް މިހާރު ޖިޔާ އެހާ މުހިންމެއް ނޫނެވެ. އޭނާ ބުނި ފަދައިން، މިހާ ދުވަހު އޭނާ އިންތިޒާރު އެކުރީ ޝޫޒާ އަށެވެ. އޭނާ އަންނާނެ ދުވަހަކަށެވެ. ނަމަވެސް ޝޫޒާ ބުންޏަސް އޭނާ އަކަށް އަންހެނަކާއި ގާތްނުވެއެއް ނުހުރެވޭނެ އެވެ.

“ކީއްވެތަ ރިހާމް އެއްވެސް އެއްޗެއް ނުބުނީ، ރިހާމް ބޭނުންވަނީ ދެ އަނބިން ގެންގުޅެންތަ، އެހެންވެއްޖެއްޔާ ވަރަށް ބޮޑަށް ސޮރީ، އަހަރެން ބޭނުމެއްނޫން ރިހާމާއި ކައިވެނި ކުރާކަށް، މާދަމާ ފުރާ ބޯޓަކުން އަހަރެން ރަށަށް ދާން ފުރާނަން” ޝޫޒާ ގަދަ ހަދާލިއެވެ. އޭނާ އަކީ އެއްގޮތަކަށްވެސް ގޮތް ދޫކުރާނެ އަންހެނެއް ނޫނެއެވެ. ކިޔަވަން އުޅުނު އިރުވެސް އޭނާއަކި ކުޅަދާނަ ދޫހެލޭ ވާހަކަދެއްކުން ތެރިއެކެވެ. ޕޮލިޓިކަލް ސައިންސް އިން ޕީ.އެޗް.ޑީ ނަގައިގެން ހުރި ކުޅަދާނަ އަންހެން ދަރިއެކެވެ. ރާއްޖޭގެ ވަޒީފާގެ އުސްދޮރުތަށް ހުރަސް ކުރާނޭ އުންމީދީ ޒުވާނެކެވެ.

“އެހެންވެއެއް ނޫނޭ އެއްޗެކޭ ނުބުނީ، ޝޫޒާ މިހާރު ތިހިރީ މާބޮޑަށް ރުޅި ގަދަވެފަ، މިރޭ އެއްޗެއް ކައިފިންތަ، އަހަރެން ކާއެއްޗެއް ގެނެސްދެންތަ، ފަހުން މިކަމާ ވާހަކަ ދައްކާލެވިދާނެ އެންނު، އެހެންނޫނަސް އަހަރެން ޝޫޒާ ދޫކޮށްލާފަ އެއްވެސް ތާކަށް ނުދާނަން، ޝޫޒާ އާއިއެކު ދެ ދުވަސް ފަހުން، ނޫނީ ޝޫޒާ ބޭނުން ދުވަހަކުން އަވަހަށް ރަށަށް ދާން ފުރަންވީ، މިރޭ ދެން ހިނގާ ކައިގެން އަރާމުކޮށްލަމާ” ރިހާމް ވާހަކައިން ހަމަޖައްސާލަން އުޅުނެވެ. ނަމަވެސް އެގޮތް ޝޫޒާ އަކަށް ކަމަކު ނުދިޔައެވެ.

“އަހަރެން ބޭނުމެއްނޫން ކާކަށްވެސް، ނިދާކަށްވެސް، އަހަންނަށް ދެން ހަމަނޭވާ ލެވޭނީ ރިހާމުގެ އެޕާޓްމެންޓަށް އަހަރެން ގެންދިޔަ އިރަކުން، ރިހާމް ބިރުގަންނަނީ ކޮންކަމަކާތަ، އަހަރެން ޒުވާބު ކޮށްފާނެކަމަށްތަ، މައްސަލައެއްނެތް، އަހަރެން ޒުވާބެއް ނުކުރާނަން، އެކަމަކު އަހަރެން ބޭނުން ރިހާމުގެ އަންހެނުންނާއި ވާހަކަ ދައްކަން، އޭނައަށް ނޭނގިއެއް ހަމަޔަގީނުންވެސް އަހަރުމެންގެ ކައިވެންޏެއް ނުކުރެވޭނެ، އަނެއްކާ އަހަންނަށް ރިހާމުގެ ބަސް ޤަބޫލު ކުރެވޭނީ އަހަންނަށް ފެންނަ ހިސާބުގައި ރިހާމު ހުރުމުން، މިބުނީ މިގޭގައި ރިހާމު އުޅެފައި އަނބިމީހާ ގާތަށް ނުދާނެކަމުގެ ޔަގީންކަމެއް އަހަންނަކަށް ނެތޭ، ތި ދެމީހުންގެ ގުޅުން އަހަންނަށް ފެންނާނީ އަހަރެންވެސް ތިޔަ ދެ މީހުނާއިއެކު އުޅުނީމަ އެންނު” ހިތްއަވަސް ވެފައި ވިޔަސް ޝޫޒާ ހަމަޖެހޭގޮތް ދައްކަމުން ބުންޏެވެ.

“އޯކޭ، ޝޫޒާ ތިގޮތް ބޭނުންވަންޏާ އަހަރެން ތިކަންވެސް ކޮށްދޭނަން، އެކަމަކު ގޭތެރޭގަ ޒުވާބު ނުކުރާތި، އަހަންނޭ ކިޔައިގެން ބޭކާރު ވާހަކަ ޖިޔާގެ ގާތުގައި ޝޫޒާ ނުވާނެ ދައްކައިގެން” އިރުކޮޅަކު ވިސްނާލަން އިން ރިހާމު ބުންޏެވެ.

“ހަމަތެދައްތަ ތިބުނީ، ހެނދުނު އަހަރެން ގެންދާނަންތަ އެގެއަށް” ޝޫޒާ ކުއްލިއަކަށް ހިނިތުންވެލަމުން އަހާލިއެވެ. ރިހާމް އާނއެކޭ ބުނުމުގެ ގޮތުން ބޯޖަހާލިއެވެ. އަދި ޝޫޒާ ގެނެސް އެއަތުގެ ތެރެއަށްލާ ނިތްކުރީގައި ބޮސްދީފިއެވެ. ރަކިގޮތަކަށް ޝޫޒާ ހީނލާފައި އޭނާ މިހާރު ވަރަށް ބަނޑުހައިވެއްޖެޔޭ ބުންޏެވެ. އެއާއިއެކު ރިހާމުވެސް ހީނގަނެއްޖެއެވެ.

“ތީ ނުކާންހުރި މީހާއަށް ވީވަރު، ދޭ ފްރެޝްވެލަން، ހޮޓްވޯޓާވެސް ހުންނާނެ، ނުކުންނަން ވާއިރަށް ކޮންމެވެސް އެއްޗެއް ތައްޔާރުކޮށްލަ ދޭނަން” ރިހާމް ދިމާކޮށްލާފަވެސް ޝޫޒާއަށް ކާއެއްޗެއް ހަދައިދޭން ތެދުވިއެވެ. ޝޫޒާވެސް ރިހާމާއިއެކު ތެދުވިއެވެ. ހިނިތުންވެލައިގެން ހުރެ ފޮށި ހުޅުވާލާފައި ނެގި އެއްޗެހި ހިފައިގެން ފާޚާނާއަށް ވަންނަން ޝޫޒާ ދިޔައެވެ. ރިހާމު ކޮޓަރިން ނުކުމެގެން އައިސް އެންމެ ފުރަތަމަވެސް ހުޅުވާލީ އައިސްއަލަމާރިއެވެ. އޭގައި ހުރީ ކޮންކޮން އެއްޗެއްތޯ ބަލާލާށެވެ. މިއަދު ހެނދުނު އޭނާ ވަނީ އެ އެޕާޓްމެންޓު ޝޫޒާ އަށްޓަކައި ތައްޔާރު ކޮށްދީފައެވެ. އޮފީހަށްވުރެ ގިނަ ވަގުތު އޭނާ ހޭދަކުރީ އެ އެޕާޓްމެންޓުގައެވެ.

ފާޚާނާއިން ނުކުމެ ރީތިވާ މޭޒުމަތީ ބާއްވާފައި އޮތް ޝޫޒާގެ ގަޑިއަށް އޭނާ ބަލާލިއެވެ. ފަތިހު ހަތަރެއް ޖަހާ ދިޔައީއެވެ. ގިނައިރެއް ނުވެ ދެން ފަތިސް ނަމާދަށް ގޮވާފާނެއެވެ. ސިއްރު ސިއްރުން ކޮޓަރިން ނުކުމެ ރިހާމް ކޮބާތާ އޭނާ ބަލާލިއެވެ. އޭރު ރިހާމް ކާމޭޒު މަތީ ތަށިތައް އަތުރަނީއެވެ. ސިއްރު ފިޔަވަޅުތަކެއް އަޅަމުން އައި ޝޫޒާ، ރިހާމާއި ގާތް ވުމާއިއެކު ފުންމައިގަންނަމުން ކަހަލަ ގޮތަކަށް ރިހާމްގެ ކޮނޑަށް ދެއަތްވައްޓައިލިއެވެ. އަތުގައި އޮތް އޫ މޭޒުމައްޗަށް ދޫކޮށްލަމުން ރިހާމް ދެއަތް ފުރަގަހަށްލާ ޝޫޒާ ހިފަހައްޓާލީ ހިނިގަނޑަކާއި އެކުއެވެ.

“ހޫމް… ހާދަ މީރުވަސް އެބަ ދުވައޭ” ރިހާމް، ޝޫޒާ އާއި ދިމާލަށް މޫނު އަނބުރާލަން މަސައްކަތް ކުރަމުން ބުންޏެވެ. އޭރު ޝޫޒާ އޮތީ ހަމަ ރަނގަޅަށްވެސް ރިހާމްގެ ބުރަކަށި މައްޗަށް އަރައެވެ. ލާނެތް ސަމާސާއެއް ކުރަން ބޭނުންވެފައި އޮތް ކަހަލަ ގޮތަކަށެވެ.

“ޔޫ ލަވް ސްކްރޭމްބަލްޑް އެގްސް، ޑޯންޓް ޔޫ” ރިހާމް، ޝޫޒާއަށް ބަލާލަން މަސައްކަތް ކުރަމުން ބުންޏެވެ.

“ހަނދާންވަނީ އެކޮޅުގައި ރިހާމާއިއެކު ހޭދަ ކުރި ދުވަސްތައް މަތިން، އަހަންނަށް ކޮންމެ ދުވަހަކު ބްރެކްފަސްޓް ހަދާދީފަ، ރިހާމް މާލެ އައީމަ އަހަރެން ވަރަށް މިސްވޭ، އޭރު ހިތަށް އަރާ އަހަރެން ކިޔަވާ ނިމެންދެން ރިހާމް އަހަރެންގެ ގާތުގައި ހުންނާނެ ނަމައޭވެސް… ރިހާމާއިއެކު އުމުރުގެ ބާކީ އޮތް ދުވަސްތައް ހޭދަ ކުރަން އައި އިރު ރިހާމް ތިވަނީ މުޅިން އާކަމެއް ފައްޓާފަވިއްޔަ، ރޭހުގައި އަހަންނަށް މި ލިބުނީ ދެވަނަ، ރިހާމް ގަސްދުގަ…” ޝޫޒާގެ ވާހަކަތަކާއިއެކު އޭނާގެ އަޑުވެސް މުޅިން އެހެން މިސްރާބަކަށް ދާން އުޅޭހެން ރިހާމަށް ހީވުމުން އޭނާ އެކަން ހުއްޓުވިއެވެ.

“ޝޫޒާ ޕްލީޒް، ތިވާހަކަ ދެން ނުދައްކަބަލަ، އަހަރެން ޝޫޒާ ބުނި ހުރިހާ ކަމަކަށް އެއްބަސްވީމަވެސް، އަދިވެސް ޤަބޫލު ނުކުރެވެނީތަ އަހަރެން ދައްކާ ވާހަކަ، ތިހެން އަބަދު ކިޔަންޏާ އަހަރެންގެ ހިތްވެސް ބަދަލުވެދާނެ، ޝޫޒާ ބޭނުންވަނީ އެހެން ވާންތަ” ރިހާމް އޭނަގެ ބުރަކަށީގަ އެލިގަނެގެން އޮތް ޝޫޒާ ތިރީގައި ބަހައްޓަމުން ބުންޏެވެ. އެއާއިއެކު އަވަސް އަވަހަށް ޝޫޒާ އެވާހަކަ ނުދައްކާނަން ކަމަށް އެއްބަސްވެއްޖެއެވެ. ނަމަވެސް އޭނާ ގޮވައިގެން ޖިޔާ އުޅޭ އެޕާޓްމެންޓަށް ދާން ޖެހޭނެ ކަމުގައި އަނެއްކާވެސް ބުންޏެވެ. ރިހާމް ބޯޖަހާލީ އާނއެކޭ ބުނުމަށެވެ. އޭނާ އާއިއެކު ޝޫޒާވެސް ކާމޭޒު ކައިރީ އިށީނދެއްޖެއެވެ.

ފަތިސްވާން ގާތްވެފައި ވަނިކޮށް ޖިޔާއަށް ނިދުނީއެވެ. ދެން ހޭލެވުނީ ނުވައެއް ޖެހިފަހުންނެވެ. ފުންމައިގެން ތެދުވިގޮތަށް ކޮޓަރީގެ ދޮރު ހުޅުވާލާފައި ބޭރަށް ނުކުތެވެ. އަދިވެސް ރިހާމް ނާންނަނީބާއޭ ޖިޔާގެ ހިތަށް އެރި ވަގުތު ލަޔާ ގޮވާލާފައި ސައި ހަދައިދޭންވީތޯ އަހާލިއެވެ. ނިކަން އަވަހަށް ދެފަރާތަށް ބޯހޫރުވާލާފައި ޖިޔާ އެނބުރި އައިސް ކޮޓަރިއަށް ވަނެވެ. ދެން ނުކުތީ ފެންވަރާ ތާޒާ ވެލައިގެންނެވެ. މަޑުމަޑު ފިޔާތޮށި ކުލައިގެ ޓީޝާޓު ކޮޅަކާއި ކަށިމައްޗަށް އަރާވަރުގެ ހަރުވާޅު ބުރިއެއް ލައިގެން ހުރެ ޖިޔާ ކޮޓަރިން ނުކުތެވެ. އޭނާގެ އިސްތަށިގަނޑުގައި ތެތްކަމެއް ހުރުމުން އަތްފުނާ އަޅަމުން ކަހަލަ ގޮތަކަށް ސިޓިން ރޫމާވީ ފަޅިއަށް ނުކުމެވުނު އިރު ސޯފާގައި ރިހާމް އިންތައް ފެނުނެވެ. އަދި އޭނާ އާއިއެކު އަންހެނެއް އިންތަން ފެނި ހައިރާންވިއެވެ. ނަމަވެސް އެ މަންޒަރު ނުފެންނަ ކަމަށް ހަދާލާފައި އަވަސް ފިޔަވަޅުގައި ޖިޔާ އައިސް ކާމޭޒު ކައިރީ އިށީނދެއްޖެއެވެ.

“ކޮފީ އޯ ޓީ” ޖިޔާ އިށީނުމާއިއެކު ލަޔާ އަހާލިއެވެ.

“ރިހާމް ސައިބޮއިފިތަ؟ ކޮންއިރަކު އޭނާ ގެއަށް އައީ” ޖިޔާ ފަހަތަށް އެނބުރި ސޯފާއަށް ބަލާލަމުން ލަޔާ އާއި ސުވާލު ކުރިއެވެ.

“ބޮސް ދެންމެ އަންނަނީ، ބުނަނީ ސައިނުބޮނިއޭ” ލަޔާގެ ބަސް ކޮށިކަމުގައި ވިޔަސް އޭނާ ބުނަން އުޅުނު އެއްޗެއް ޖިޔާއަށް ސާފުވިއެވެ. އަދި އޭނާއަށް ސައިތައްޓަކާ ދެފޮތި ފާނާ ގެނެސްދިނުމަށް ބުންޏެވެ. ލަޔާ އެކަން ކުރުމަށް އެނބުރިލުމާއިއެކު ދެންވެސް ޖިޔާގެ ނަޒަރު ހިނދު ހިނދު ކޮޅުން ހުއްޓެމުން ދިޔައީ ސޯފާއަށެވެ. ރިހާމް ހީނހީނފައި ވާހަކަދައްކާއިރު އޭނާގެ ގާތުގައި އިން އަންހެނަކީ ވަރަށް ގާތް މީހެއްކަމުގައި ޖިޔާ އަށް ސިފަކުރެވިގެން ދިޔައެވެ. އެހެންނަމަވެސް އެމީހުންގެ ގާތަށް ދާކަށް ޖިޔާއަކަށް ނުކެރޭނެއެވެ. ރިހާމުގެ ކަންތައްތަކާއި ބެހި އޮޅުން ފިލުވަން ބޭނުންނުވާތީއެއްވެސް ނޫނެވެ. ރިހާމު ރުޅި އަތުވެދާނެތީއެވެ. މަޑުމަޑުން އިނދެ ސައިބޮއެ ނިންމާލާފައި ޖިޔާ ތެދުވީ ކޮޓަރިއަށް ދިއުމަށެވެ.

“ޖިޔާ… އާދެބަލަ” ރިހާމްގެ އަޑު އިވުނެވެ. ޖިޔާއަށް ތަފާތު އިޙްސާސެއް ކުރެވިގެން ދިޔައެވެ. ހިތުގައި ބިރުވެރިކަމެއް އުފެދިގެން ދިޔަ ކަހަލައެވެ. ޖިޔާގެ އަތްފައި ފިނިވެ ކުރިއަށް ފިޔަވަޅު އަޅަން އުނދަގޫވިއެވެ. އިސްއުފުލާނަން ނުކެރި ހުރެ ރިހާމާއި ދިމާލަށް އޭނާ ދިޔައީ ވަރަށް އުނދަގުލުންނެވެ. މިވީހާތަނަށް ރިހާމްގެ އެއްވެސް މީހަކާއި ޖިޔާ ބައްދަލު ކުރުވާފައެއް ނުވެއެވެ. އެހެންވެ މިވަނީ ކިހިނެއްކަން އެނގެން ޖިޔާ ހުރީ ކެތްތެރިކަން ކުޑަވެފައެވެ. ސުވާލު ކުރުމަކާއި ނުލާ ހުރިހާ ޖަވާބެއް ލިބޭނެ ނަމައޭ ޖިޔާގެ ހިތަށް އެރިއެވެ.

“މީ ޖިޔާ…. ޖިޔާ، މީ ޝޫޒާ، ދެ ދުވަހެއް ވަންދެން ޝޫޒާ މިތަނުގައި މަޑުކުރާނެ” ޖިޔާ އައިސް ރިހާމާއި އަރާ ހަމަވުމާއިއެކު އޭނާ ބުންޏެވެ. ވަގުތުން ޖިޔާއަށް ޝޫޒާ އާއި ދިމާލަށް ބަލާލެވުނެވެ. ދެންވެސް ހިތާ ސިކުނޑީގައި އުފެދިގެން ދިޔައީ ސުވާލު ތަކެކެވެ. ރިހާމާއި އެ އަންހެން މީހާ އާއި އޮތް ގުޅުމެއް ނޭނގޭތީއެވެ. އަނެއްކޮޅުން ޝޫޒާގެ ބަލާލުމުން ޖިޔާއަށް ވަރަށް އުނދަގޫވިއެވެ. ބޮލުން ފެށިގެން ފަޔާއި ހަމައަށް ޝޫޒާ ބަލާލި ގޮތުން ހީވީ އޭނާ ޖިޔާ ކާލަން އުޅުނުހެންނެވެ.

“ދެން ދޭ” ރިހާމު މިހެން ބުނުމުން ޖިޔާ އޭނާގެ ކޮޓަރިއަށް ދިއުމަށް ހިނގައިގަތެވެ.

“ހީވަނީ ކުޑަކުޑަ ކުއްޖެއްހެން، އުމުރުން ވަރަށް ޅަތަ” ޖިޔާއަށް އަޑު ނީވޭނޭހެން މަޑުމަޑުން ޝޫޒާ އަހާލިއެވެ. ރިހާމް ބޮލުން އިޝާރާތްކޮށްލީ އާނއެކޭ ބުނުމަށެވެ. އޭރު އޭނާވެސް ހުރީ ޖިޔާ ކޮޓަރިއަށް ދާތަން ބަލާށެވެ.

“އެހެންވެ ދޯ ރިހާމް އޭނާ އާއި މެރީ ކުރީ، އަހަންނަށްވުރެ ދޮންވެފަ، ރީތިވެފަ، ޅަވީމަ ދޯ، ރިހާމް އަހަންނަށް ދޮގު ނަހައްދައްޗޭ، ޕްލީޒް، ހަމަ ޖިޔާ އާއި ގާތެއް ނުވަންތަ” ޝޫޒާއަށް ޖިޔާ ފެނުމާއިއެކު ސިކުނޑި ހާސްކުރުވައިފިއެވެ. ޖިޔާގެ މައުސޫމު ކަމާއި އޭނާގެ ރީތިކަމާއިމެދު ޝޫޒާ ރުޅިގަދަވާގޮތްވިއެވެ. ނަމަވެސް އަމިއްލަ ނަފްސު ކޮންޓްރޯލު ކުރަމުން ރިހާމާއި ވާހަކަދެއްކޭތޯ އޭނާ އުޅުނެވެ.

“ނޫން ނޫން، އަހަރެން ވަރަށް މަދުން މިތަނަށް އަންނަނީވެސް، ކައިވެނި ކުރިގޮތަށް އޭނާ އެހުންނަނީ މިތަނުގަ އެކަނި، އަހަރެންގެ އެއްވެސް މީހަކަށް ނާންގަން، އޭނާގެ ޢާއިލާ މީހުންނާވެސް ބައްދަލު ކުރިޔަކަ ނުދެން، އެއީވެސް އަހަރެން ކަންތައް ކުރާގޮތުގެ ވާހަކަ އޭނާގެ މަންމަގެ ގާތުގައި ދައްކަފާނެތީވެ، ޝޫޒާ، ލޯތްބަކީ އެހާ ފަސޭހައިން ބަދަލުވާނޭ އެއްޗެއް ނޫނޭ، އަހަރެން ކީއްކުރަން ޝޫޒާއަށް ބޭވަފާތެރިވާންވީ، އެހެންނޫނަމަ އަހަރެން ޝޫޒާ ގާތު ނުވެސް ބުނާނަން ކައިވެންޏެއް ކުރި ވާހަކަވެސް” ރިހާމް މިހެން ބުނުމުން ޝޫޒާ އޭނާއަށް ބަލަން ހުރީ ފާޑަކަށެވެ. އެހެންނަމަވެސް ރިހާމު ބުނި ވާހަކަ ޤަބޫލު ކުރުން ނޫންގޮތެއް މިވަގުތު އޭނާގެ ސިކުނޑިއަކަށް ނުވިސްނުނެވެ.

ދެ ދުވަސްތެރޭ އުޅެބޮޑުވި ރަށަށް ދާން ހަމަޖެހިފައި އޮތުމުން އެކަމާ ކުރިންވީ އުފަލެއް ޝޫޒާ މިހާރަކު ނުވެއެވެ. މިހާރު އޭނާގެ މޫނުމަތިން ފެންނަނީ ނުތަނަވަސްވެފައި ހުރި ކަމުގެ ކުލަވަރުތަކެވެ. ޖިޔާ ފެނުމުން އޭނާގެ ހިތަށް ރިހާމާއި މެދު ޝައްކު އުފެދިގެން ދިޔައީއެވެ. ނަމަވެސް ހިތުގައި ރިހާމާއިމެދު އޮތް ލޯބީގެ ބާރު ގަދަކުރަން އޭނާ ބޭނުންވެއެވެ. ޖިޔާގެ ގޮތް ބަލަން ބޭނުން ކަމުގައި ވިޔަސް އެންމެ ދެ ދުވަހުން އެކަން ޝޫޒާއަކަށް ނުކުރެވޭނެއެވެ. އަނެއްކޮޅުން ރިހާމް، ޖިޔާ އާއި ކައިވެނީގެ ގޮތުން ގުޅިގެން ހުރިހާ ދުވަހަކު ޝޫޒާ، ރިހާމުގެ މީހަކަށް ވާކަށް ބޭނުމެއްނޫނެވެ. ރިހާމް އޭނާދެކެ ލޯބިވާނަމަ ޖެހޭނީ ޖިޔާ ވަރިކުރާށެވެ.

ޝޫޒާ، ޖިޔާ އުޅޭ އެޕާޓްމެންޓަށް އައިފަހުން ރިހާމް ވަރަށް ބޮޑަށް ދުރުވެއްޖެކަން ޖިޔާއަށް ފާހަގަ ކުރެވުނެވެ. ކާގަޑީގައި ރިހާމް ގޭގައި ހުރެއްޖެނަމަ ޖިޔާ އާއިއެކު ކާން އަރާނެއެވެ. ނަމަވެސް ރިހާމް ގޭގައި ހުރެ އޭނަ ބެލީ ޝޫޒާއަށް ސަމާލުކަން ދެވޭތޯއެވެ. އެގޮތަށް ރިހާމް އުޅެން ފެށުމުން ޖިޔާއަށް އުނދަގޫވިއެވެ. ކުރެވޭ އިޙްސާސްތަކަށް ދޭނެ ނަމެއް ނޭނގުނުކަމުގައި ވިޔަސް، ރިހާމް އެހެން އުޅޭތަން ބަލާކަށް ޖިޔާ ބޭނުމެއްނޫނެވެ. ފުރަތަމަ ރޭ ހޭދަވެގެން ދިޔައިރު ރިހާމް އެ ކޮޓަރިއަށް ވަދެވެސް ނުލިއެވެ. ޖިޔާ އާއި އެއްވެސް ވާހަކައެއްވެސް ނުދައްކައެވެ. ހިތްހަމަ ނުޖެހިފައި ހުރެ އަނެއް ދުވަހު ސައިބޯން ޖިޔާ ނުކުތީ ވަރަށް ކުރިންނެވެ. އެވަގުތު ޖިޔާއަށް ފެނުނު މަންޒަރުން ހުއްޓެވުނެވެ. ރިހާމް ނުކުތީ ޝޫޒާގެ ކޮޓަރިންނެވެ. އެހާ ހެނދުނާ ރިހާމް ޝޫޒާގެ ކޮޓަރިއަށް ވަންނަންވީ ސަބަބެއް ޖިޔާއަކަށް ނުވިސްނުނެވެ. ފޫހި ގޮތަކަށް ރިހާމަށް ބަލާލުމާއިއެކު ހުރި ފިޔަވަޅު މަތީ މަޑުކޮށްލިއެވެ. މޭމަތީގައި ނައްޓާލެވިފައި ހުރި ގޮށްތައް އަޅުވަމުން އިސްއުފުލާލި ރިހާމަށް ޖިޔާ ފެނުނެވެ. އެހެންނަމަވެސް އޭނާގެ ހަރަކާތްތަކަށް ބަދަލެއް ނާދެއެވެ. ޖިޔާގެ ގާތުން ލާފައި ބަދިގެ އާއި ދިމާލަށް އޭނާ ދިޔައެވެ.

“އެއީ ރިހާމުގެ ކާކު” ނާހާނަމޭ ހިތަށް އަރުވައިގެން ހުއްޓެއް ކަމަކު ހިތްހަމަ ނުޖެހުނުލެއް ބޮޑުކަމުން ޖިޔާއަށް އޭނާގެ ހިތާއި ސިކުނޑީގައި އޮތް ސުވާލު ރިހާމާއި ކުރެވުނެވެ. އޭރު ކާމޭޒު ކައިރީ އިން ރިހާމު، ލަޔާ މޭޒުމަތީގައި ބެހެއްޓި ކޮފީތަށި ކައިރިކޮށްލަނީއެވެ.

“ޖިޔާއަށް އެއީ ކާކުކަން އެނގުން މިހިންމެއްނޫން” ރިހާމް ކޮފީތަށި ނަގާ ތުންފަތާއި ކައިރިކޮށްލަމުން މިހެން ބުނީ ޖިޔާއަށް ބަލާވެސް ނުލައެވެ. ދެބުމަ ގޮއްޖަހާލެވުމާއިއެކު ޖިޔާއަށް ލޯއަޅާލެވުނެވެ. ރިހާމް ކައިވެނި ކުރީ ޖިޔާގެ ނުރުހުމުގައި ވިޔަސް އެކަން ހަނދާންނައްތާލުމަށް އޭނާ މަސައްކަތް ކުރިއެވެ. އެކަމަކު ރިހާމް ހީވަނީ އޭނާގެ ކިބައިގެން ބަދަލެއް ހިފަން އުޅޭހެނެވެ. އަންބަކަށް ދޭން ޖެހޭ ލޯތްބާއި ސަމާލުކަން ރިހާމު، ޖިޔާއަށް ދޭން ބޭނުން ނުވާހެން ޖިޔާއަށް ހީވިއެވެ. ދަތްކުނޑިވިކާލާފައި އަނެއްކާވެސް ރިހާމާއި މަޑުމަޑުން ވާހަކަދެއްކިއެވެ.

“ރިހާމްގެ އެއްވެސް ވާހަކައެއް ނާހާ އަހަރެން ހުރެދާނަން، އެކަމަކު އަހަރެންގެ ލައިފަށް ރިހާމު ތިކުރާ ކަންތައްތަކުން އަސަރު ކުރަންޏާ އަނގައިން ނުބުނެ ހުންނާނީ ކިހިނެއް، ޕްލީޒް ރިހާމް، އަހަރެންގެ އެންމެ ސުވާލަކަށް ޖަވާބު ދީބަލަ، ކީއްވެތަ ރިހާމް އަހަންނާ ކައިވެނި ކުރީ” ޖިޔާ ކުރިއަށްވުރެ ރިހާމާއި ގާތަށް ޖެހިލަމުން މަޑުމަޑުން އަހާލިއެވެ. ޖިޔާ ޒުވާބު ކުރާކަށް އެއްގޮތަކަށްވެސް ބޭނުމެއްނޫނެވެ. އަނެއްކޮޅުން އެތަނުގައި އުޅުނު ލަޔާ އަށް އެދެމަފިރިންގެ މެދުގައި ކަމއް ހޫނުވާކަން އެނގުނީ ކަންނޭނގެއެވެ. އޭނާ އަވަސް އަވަހަށް ކުރަން ހުރި މަސައްކަތް ބަހައްޓާފައި އެތަނުން ދުރަށް ހިނގައްޖެއެވެ.

“ޖިޔާ އަދިވެސް ހާދަ ކުޑައޭދޯ، އަހަރެން ހީކުރީ މިހާރު ބޮޑުވެދާނެ ކަމަށް، އަހަންނާ ޖިޔާގެ ލައިފާއި އެއްވެސް ގުޅުމެއް ނެތް، އަހަރުމެން ދޭތެރޭގައި އޮންނަ ގުޅުން ޖިޔާއަށް ރަނގަޅަށް އެނގޭނެ، އެކަމާ ވިސްނާލުމުން އެނގޭނެ އަހަރެން ކައިވެނި ކުރީ ކީއްވެކަން، ކޮންބޭނުމަކު ކަން، އަހަރެންގެ ބޭނުން އަހަންނަށް ފުދޭ” އިރުކޮޅަކު ޖިޔާގެ މޫނަށް ބަލަހައްޓައިގެން ހުރެފައި ރިހާމް ބުންޏެވެ. ޖިޔާއަށް ހީވީ ރިހާމުގެ ބަސްތައް ހޫނުކަމާއިއެކު އައިސް އޭނާގެ ކޯތާފަތުގައި އެތިފަހަރެއް ޖެހި ހެންނެވެ.

ބަސްހުއްޓިފައި ޖިޔާ އަށް ހުރެވުނު އިރު ތުންފަތަށް ވެރިވެފައިވާ ލާނެތް ހިނިތުންވުމާއިއެކު ރިހާމް އިންތަނުން ތެދުވެ ހިނގައިގަތީ ކޮފީ ތަށިވެސް ހިފައިގެންނެވެ. ދެންވެސް އޭނާ ގޮސް ޝޫޒާގެ ކޮޓަރިއަށް ވަންނަންދެން ޖިޔާއަށް ބަލަން ހުރެވުނީއެވެ. ޖިޔާގެ ސިކުނޑީގައި އެއްފަހަރާ އެތަށް ޚިޔާލުތަކެއް އެނބުރިގަތެވެ. ހުރި ފިޔަވަޅުމަތީ ގުޑިލަންވެސް ނޭނގިފައި ހުރި ޖިޔާގެ ކޮނޑުގައި ލަޔާ މަޑުމަޑުން އަތްޖައްސާލުމާއިއެކު އޭނާ ދިޔައީ ސިއްސައިގެންނެވެ. ވީގޮތެއް ލަޔާއަކަށް ނޭނގުނެވެ. ކުއްލިއަކަށް ޖިޔާ ދުއްވައިގަތީ އޭނާގެ ކޮޓަރި އާއި ދިމާލަށެވެ.

ލައްޕާލި ކޮޓަރީގެ ދޮރުގައި ލެނގިލައިގެން ހުރި ޖިޔާގެ ލޮލުން ހިފެހެއްޓުމެއްނެތި ކަރުނަތައް ފައިބައިގަތެވެ. ދެކޯތާފަތް ތެންމަމުން ކަރުނައިގެ ފަހަރަކު ތިއްކެއް ލައިގެން ހުރި ހެދުމުގެ މޭމައްޗަށް ވެއްޓެމުން ދިޔައެވެ. ދެއަތުން މޫނު ފޮހެލުމާއިއެކު ޖިޔާ އައިސް އެނދުގައި އިށީނެވެ. ނުރޯން އުޅުނު ނަމަވެސް އޭނާ އަށް މިފަހަރު ރޮވުނީ ކުރިއަށްވުރެވެސް ބޮޑަށެވެ. ސިކުނޑީގެ ހައިޖާނުގެ ތެރެއިން ރިހާމް ދެކެ އިންތިހާއަށް ރުޅިވެސް އާދެވުނެވެ. ކެތްކޮށްލައިގެން އިތުރަށް އެންމެ ދުވަހަކުވެސް ރިހާމާއިއެކު އުޅެން ޖިޔާ ބޭނުމެއްނޫނެވެ. އެވެސް ރިހާމުގެ ދުލުން އިވިގެން ދިޔަ ބަސްތަކަށް ފަހުގައެވެ. މޫނުގައި އަތް އަޅައިގެން އިނދެ އެތައް އިރަކު ޖިޔާ ރުއިމަށްފަހު އެނދުމަތީ އަރިއަކަށް އޮށޯވެލިއެވެ. އަދި ބަލީސް ގެނެސް ގަޔާލާ ފިއްތާލަމުން އޭގައި ބާރަށް ހިފަހައްޓާލިއެވެ. ލޮލުން ކަރުނަ އައުން ހުއްޓުނަސް އޭނާގެ ސިކުނޑީގައި ހިނގަމުން ދިޔަ ޚިޔާލުތަކަށް ނިމުމެއް ނާދައެވެ. ވީހާވެސް އަވަހަކަށް ގެއިން ނުކުމެގެން ދާން ޖިޔާ ވިސްނިއެވެ. ރިހާމަށް ނޭނގި ސިއްރުންނެވެ. އެ ކަހަލަ އެތަށް ޚިޔާލެއް ސިކުނޑިއަށް ވެރިވަމުންދިޔައެވެ. ކާގަޑި ފަހަނަ އަޅައި ގޮސްފިކަން ޖިޔާއަށް އެނގުނީވެސް ލަޔާ އައިސް ކޮޓަރީގައި ޓަކި ޖަހާލަމުން ކާން ގޮވީމައެވެ.

“މެޑަމް، ނުކަނީތަ” ދޮރު ހުޅުވާލައިގެން ހުރި ލަޔާ އެނދުގައި އޮތް ޖިޔާ އަށް ބުންޏެވެ.

“ރިހާމާއި ޝޫޒާ ކައި ނިމުނީތަ” ޖިޔާ ފޫހި ގޮތަކަށް އަހާލިއެވެ. އެއާއިއެކު ލަޔާ ބޯތަޅުވާލީ އާނއެކޭ ބުނާފަދަ ގޮތަކަށެވެ. ޖިޔާ ތެދުވުމާއިއެކު އޭނާ ރޮއެފައި ހުރި ކަމުގެ ނިޝާންތައް އޭނާގެ މޫނުމަތިން ލަޔާއަށް ފާޅުކަން ބޮޑު ގޮތަކަށް ފެނިގެންދިޔައެވެ. ހައިރާންވި ނަމަވެސް އެކަމާ ގުޅިގެން އެއްވެސް އެއްޗެއް އަހާލާކަށް ލަޔާ އަކަށް ނުކެރުނެވެ. ހިތްހެޔޮ ހިނިތުންވުމަކާއިއެކު އޭނާ އެތަނުން ހިނގައިގަތީ ޖިޔާ ކޮޅަށް ތެދުވުމުންނެވެ.

ކާހިތްނުވިޔަސް މަޑުމަޑުން އިނދެ ޖިޔާ ބަތްތަށި ކެއެވެ. މެންދުރުގެ ބާކީ އޮތް އެއްވެސް ވަގުތަކު ގޭތެރެއިން ޖިޔާ، ރިހާމެއް ނުދެކެއެވެ. ހަމަ އެގޮތަށް ޝޫޒާވެސް ގެއަކު ނޫޅެއެވެ. ކައިނިމުނު ގޮތަށް ޖިޔާ އައިސް ޝޫޒާގެ ކޮޓަރީގެ ތަޅުގެ އަތްގަނޑުގައި ހިފީ ކޮންމެހެން އެކޮޓަރިއަށް ވަންނަން ބޭނުންވެގެންނެއް ނޫނެވެ. ރިހާމް ވީ ޝޫޒާ އާއިއެކު ތޯ ޔަގީން ކޮށްލުމުގެ ބޭނުމުގައެވެ. ކޮޓަރީގެ ދޮރު ހުރީ ތަޅުލާފައެވެ. ވީ ފޫއްސާއިއެކު އައިސް ސޯފާ ތެރެއަށް ޖިޔާ ޖެހިގަތެވެ.

“ރިހާމް…” ޝޫޒާ އާއިއެކު ހުރި ރިހާމު އައިސް އެޕާޓުމެންޓުގެ ދޮރުން އެތެރެއަށް ވަންތަން ޖިޔާ އަށް ފެނުމާއިއެކު ގޮވާލިއެވެ.

“މިވަގުތަކު ނޫން، ޝޫޒާ ފުރަންވާއިރަށް އޭނާއަށް ބޭނުންވާ ބައެއް ސާމާނު ހަމަކޮށްދިނުމުގަ އަހަރެން މިއުޅެނީ” ގާތުގައި ހުރި ޝޫޒާ އަށް ބަލާލަމުން ރިހާމް މިހެން ބުނީ ޖިޔާއަށް ވަގުތު ދެވެން ނެތޭ ނުބުނާށެވެ.

“މިކަމަށް ގިނައިރެއް ނުނަގާނެ” ޖިޔާ މިހެން ބުނެލި އިރު އޭނާ އަށް ކޮންމެގޮތެއްވެސް ވަރިހަމަވެފައި ހުރި ކަހަލައެވެ. އަދި ރިހާމުގެ ކުރިމަތީ ފަހަތަށް ޖެހެން ޖިޔާ ބޭނުމެއްވެސް ނޫނެވެ. ރިހާމަށްޓަކައި އޭނާގެ ހިތުގައި އެއްވެސް ކުލުނެއް ނުވެއެވެ. ވީއިރު ރިހާމުގެ ޢަމަލުތަކަށް މާފުކުރާކަށް އެއްވެސް ގޮތަކަށް ޖިޔާ ބޭނުމެއްނޫނެވެ.

“މިބުނީނު ބިޒީއޭ، އެހެންނޫނަސް ޖިޔާގެ ކަންތައްތަކަށްވުރެ މިވަގުތު އަހަންނަށް ޝޫޒާގެ ކަންތައްތައް ކޮށްދިނުން މުހިންމު، އިތުރު ވާހަކައެއް ނުދައްކާ މިތަނުން ދާން އުޅޭ” ރިހާމު ބޭނުންވީ ޖިޔާ އެތަނުން ފޮނުވާލާށެވެ. އެހެންވެ އަޑަށް ބާރުލާފައި ނިކަން ބާރަށް ބުންޏެވެ. އެވަގުތު ރިހާމަށް ފެނުނީ ފަސްމަސް ދުވަސްވަންދެން އެކުގައި އުޅުނު ޖިޔާއެއް ނޫނެވެ. ނުކެރިފައި ހުރުމުގެ ބަދަލުގައި ޖިޔާ އުޅުނީ ރިހާމާއި ޖަދަލު ކުރާށެވެ. އެވަގުތު ޝޫޒާ ވާހަކަދައްކަން ފަށައިފިއެވެ.

(ނުނިމޭ)

Leave a Comment

Your email address will not be published. Required fields are marked *