ANDHIREEGE THEREYN [ 08 ]

އެންމެނަށް ކެވޭވަރުވީ ރޭގަނޑުގެ ކެއުމުގެ ވަގުތުގައެވެ. ހުރިހާ ކުދިންނަށް ކެވޭނޭ ގޮތަކަށް ދާރާ ތަށިތަށް އަތުރާފައި ހުއްޓެވެ. އެފަދަ ކެއުމެއްގައި މިހާރުގެ ޒުވާން ކުދިންނަށް އެންމެ ކަމުދާނެފަދަ ފިނި ބުއިން ހޯދާފައި ހުއްޓެވެ. އެންމެންވެސް ފޯރީގައި ކެއުމުގައި އުޅުނުއިރު ގޭތެރޭގައި އެހެން ރޭތަކާއި ޚިލާފަށް އަޑުފަށްގަނޑު ހުއްޓެވެ. ސަކަ ހުނުންތަކާއި އެއްފަހަރާ ވާހަކަދައްކާ އަޑުތަކެވެ. މަޖާގަނޑު ނިމުމަކަށް އައީ އެކަމާމެދު އެކަކުވެސް ނުވިސްނާ ހުއްޓައެވެ. ކުއްލިއަކަށް އިވުނީ މިންހާޖުގެ އަޑެވެ. ދާރާއަށް ހީވީ މުޅިން އެހެން އެއްޗެކެވެ. ދެން އިވުނީ އާން ތޫލި އަޑަކުން ހަޅޭލަވައި ގަތް އަޑެވެ. ކާމޭޒު ކައިރީ ތިބި ދާރާ އާއި އަންބަރާއި ސުލައިމާނު އަވަހަށް އައިއިރު ބަތީލު އޮތީ ސޯފާއިން ވެއްޓިފައެވެ. އޭރު މިންހާޖާއި ދިނާރު ބަތީލުގެ ގައިގާ ހިފަހައްޓައިގަނެގެން އުޅުނެވެ.

“ދައްތާ، ހުރިހާ ކުދިން ގެއަށް ފޮނުވާލާ” ސުލައިމާނު ވަގުތުން ބުންޏެވެ. އެއާއިއެކު ދާރާއަށް އެއްޗެއް ނުބުނެވިގެން އުޅެނިކޮށް މުޢާދު، އާންގެ އަތުގައި ހިފައިގެން ސިޓިން ރޫމު ދޮރާ ދިމާލަށް ހިނގައިގަނެއްޖެއެވެ. އެމީހުންގެ ފަހަތުން ދިނާރާއި މިންހާޖުވެސް ހިނގައިގަނެއްޖެއެވެ. އޭރު ބަތީލުގެ ގައިގާ އަންބަރާއި ސުލައިމާނު ހިފަހައްޓައިފިއެވެ.

“ދައްތާ، އެކުދިން ނުކުތީމަ އައޫޛު ބިސްމިން ކިޔާފައި ދޮރުލައްޕާ ތަޅުލާ، އަދި މިތާ ސިޓިން ރޫމުގައި ބަތީލު ބައްވާލެވޭގޮތް ހަމަޖައްސާލަ ދީ، އެއްވެސް އެއްޗެއް ކުރަހާފަ ނެތް ބެޓްޝީޓެއްވެސް ގެނެސް ދޭތި” ސުލައިމާނު، ބަތީލުގެ ގައިގަ ހިފަހައްޓައިގެން އިނދެ ބުންޏެވެ.

ހާސްވެފައި ހުރެ ދާރާ، ސުލައިމާނު ބުނި ގޮތަށް ކަންތައް ކޮށްފިއެވެ. ބަލްމާ އެއްފަރާތެއްގައި ބަލަން ހުރުމުން އޭނާ އެތަން ނުފެންނާނޭ ތަނަކަށް ގެންދިއުމަށް ދާރާގެ ގާތުގައި ބުންޏެވެ.

“މަންމާ، އަހަރެން އެކަނިތަ އިންނަންވީ، ނޫން، ނުކެރޭނެ، ވަރަށް ބިރުގަނޭ” ބަލްމާ ދެކޮޅު ހެދިއެވެ.

“ދަރިފުޅާ، ސުލައިމާނުބެ އެހެން އެބުނަނީ ހަމަ ދަރިފުޅަށް ރަނގަޅަކަށޭ، އެހެންނޫނަސް އަންހެން ކުދިން މިކަހަލަ ކަންތައްތައް ބަލަން ތިބޭކަށް ނުވާނެ” ދާރާ، ބަލްމާއަށް ވިސްނާދޭން މަސައްކަތް ކުރިއެވެ.

“އެކަމަކު މަންމަ ތިދަނީނު، މަންމަ މަޑުކުރަންވީނު މިތާ އަހަރެންގެ ގާތުގައި” ބަލްމާ އަދިވެސް ހުރީ ގޮތް ދޫކުރާ ގޮތަކަށް ނޫނެވެ. ދާރާ އެންމެފަހުން ހިތްހަމަ ނުޖެހޭ ގޮތް ދައްކާލުމުން ތުންފިއްތާލާފައި އެކަނި ދާރާގެ ކޮޓަރީގައި ހުރުމަށް ބަލްމާ އެއްބަސްވެއްޖެއެވެ. އޭނާ ގޮސް ދާރާގެ އެނދަށް އަރާ އިނީ ބިރުން ސިހިސިހި އިންނަ މީހަކު ފަދައިންނެވެ. އޭރު އެއްއަތުގައި ފޯނު އޮތް އިރު އަނެއް އަތުގައި ލައިޓަރަކާއި އުއްބަތިއެއް އޮތެވެ. އަނދިރީގެ ތެރޭން އައިސްދާނެ ނުރައްކަލަކަށް ތައްޔާރުވެ އިން ކަހަލައެވެ.

“ސުލައިމާނު، ކިހިނެއް މިވަނީ” ދާރާ އައިއިރުވެސް ސުލައިމާނާއި އަންބަރު ބަތީލު މައިތިރި ކުރަން މަސައްކަތް ކުރަނީއެވެ.

“ދައްތާ، ގޭގައި އިތުރު ފިރިހެނެއްވެސް ނެތީމަ ދައްތަގެ އެހީއަށް އެދެން މިޖެހެނީ، އަހަރެން އެމަންޖެ ގައިގާ ހިފަހައްޓަމުން މިކަމަށް މައިތިރިއެއް ނުހެދޭނެ، ޅިޔަނާ، މިމަންޖެ ގައިގާ ނިކަން ބާރަށް ހިފަހައްޓާލަ ބަލަ، އަހަރެން ދައްތަ ރައްކާތެރި ކުރަންދެން” ސުލައިމާނު މިހެން ބުނުމުން އަންބަރު އެކަމަށް އަވަސްވެގަތެވެ. އެހިނދު ސުލައިމާނު، ދާރާގެ ވަށައިގެން އިނގިލިން ހަރަކާތްތަކެއް ކުރަމުން ކިޔަވަންފެށިއެވެ. އެއަށްފަހު އޭނާ ދާރާގެ ގާތުން އެދުނީ ބަތީލުގެ ދެއަތުގައި ހިފެހެއްޓުމަށެވެ. އަދި އަންބަރު، ބަތީލުގެ ފައިކޮޅުގައި ހިފެހެއްޓުމަށެވެ.

ހަތިމެއް ގެނެސް އެއިން ސުލައިމާނު ބޭނުންވާ ސޫރަތްތައް ފާހަގަ ކުރިއެވެ. އަދި އޭނާގެ މަސައްކަތް ފެށިއެވެ. ސުލައިމާނު ކިޔަވަންފެށިތާ ގިނައިރެއް ނުވަނިސް ބަތީލުގެ މެދުހަށި އުފުލެން ފަށައިފިއެވެ. ނަމަވެސް އެކަމާ އެއްވެސް ފަރުވާލެއް ސުލައިމާނު ނުބަހައްޓާ ކިޔަވަމުންދިޔައެވެ. ބަތީލު ތެޅިފޮޅެން ފެށިއެވެ. އަންބަރާއި ދާރާއަށް ބަތީލު ހިފަހައްޓާލެވެނީ ކިރިޔަ ކިރިޔާއެވެ. ދެން އިވުނީ ބަތީލުގެ ކަރުތެރޭން ނުކުން ބާރު ހަޅޭކުގެ އަޑެވެ. ހަމަ އެވަގުތު ސުލައިމާނު، ބަތީލުގެ ނިތްކުރީގައި ބޮޑުވައި އިނގިލީގެ ކުރި ޖައްސާލައިގެން އިނދެ ކިޔެވުން ކުރިއަށް ގެންދަންފެށިއެވެ. މަޑުމަޑުން ބަތީލު މައިތިރިވުމުން ސުލައިމާނު އޭނާގެ ދެއަތް ހަޝަމަށް އެރުވުމަށް ދާރާގެ ގާތުގައި ބުންޏެވެ. އެގޮތަށް ދާރާ ކަންތައް ކުރުމުން ދެން އެދުނީ ބާލީހެއް ގެނައުމަށެވެ. ދާރާ ބާލީހެއް ގެނައުމުން އެބާލީސް ސުލައިމާނު ބޭއްވީ ބަތީލުގެ ބަނޑާއި މެޔާއި ދޭތެރެއަކަށް ވާކަހަލަ ގޮތަކަށެވެ. އަދި ބާލީހުގައި އަތްބާވާލަމުން ބަތީލު އާއި ސުވާލު ކުރަން ފެށިއެވެ.

“ކޮބާ ނަމަކީ” ސުލައިމާނު ހަރުކަށި ގޮތަކަށް އަހާލިއެވެ. އެހިނދު ބަތީލުގެ އަޑުއިވުނެވެ. އޭނާ އަމިއްލައަށް ކިޔާނަން ބުންޏެވެ. ދެން ސުލައިމާނު ސުވާލު ކުރީ ބަތީލަށް އެއްވެސް އެއްޗެއް ފެނޭތޯއެވެ. އެހިނދު މަޑުމަޑުން ބަތީލު ބޯޖަހާލިއެވެ. އޭރުވެސް ބަތީލުގެ ދެލޯ ވަނީ މެރިފައެވެ.

“ކާކު ފެންނަނީ، އެންމެ މީހެއްތަ، ނޫނީ ބައިވަރު މީހުންތައް، ކިހިނެއް އެމީހުން ތިބީ” ސުލައިމާނު އެހިއެވެ.

“އެ… އެހުރީ މިންހާޖު، އޭނާ ކައިރިއަށް ދާން އަހަރެން ބޭނުންވަނީ، ދެން ތިބި މީހުން ތިބީ ތަންކޮޅެއް ދުރުގައި، އޭނާ ބުނީ އޭނާގެ މީހުންކަމަށް” ބަތީލު ބުންޏެވެ. އެވަގުތު ބަތީލުގެ ގާތުގައި އިން ދާރާގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ލިބުނު ޝޮކާއިއެކު އަނގައިބުނެވެން އުޅުމުން އެކަން ސުލާއިމާނު ވަގުތުން މަނާ ކުރިއެވެ.

“އެއީ މިންހާޖެއް ނޫން، ބަތީލަށް އެނގޭނެ މިހާރު އެއީ މިންހާޖެއް ނޫންކަން، އޭނާ ގާތު ބުނޭ، ބަތީލާއި ދުރަށް ދާށޭ، އޭނާގެ މީހުންގެ ގާތަށް އެނާ ދާށޭ” ސުލައިމާނު ހަރުކަށިކަމާއި އެކު އަޑުހަރުކޮށް ބުނެލިއެވެ. އެހިނދު ބަތީލު ދެފަރާތަށް ބޯހޫރާލީ ނޫނެކޭ ބުނުމުގެ ގޮތުންނެވެ.

“ކީއްވެ ނުބުނާނީ، ބުނޭ އަހަރެން މިބުނިގޮތަށް، އެނޫންގޮތެއް އޭނާއަކަށް ނޯންނާނެ، އަހަރެން ބުނި ހުރިހާ ވާހަކައެއް އޭނާގެ ގާތުގައި ބުނޭ” ސުލައިމާނު އަމުރު ކުރިއެވެ.

“ނުދާ… ނުދާނަން” ބަތީލުގެ އަނގައަށް ގޮތެއްވުމާއިއެކު އަޑު ބަދަލުވިހެން ކުއްލިއަކަށް ހީވިއެވެ. އަދި ބަތީލުގެ ހަށިގަނޑު ތެޅެންފެށިއެވެ. ސުލައިމާނަށް މިވަނީ ކިހިނެއްކަން ވަގުތުން އެނގުނެވެ. އޭނާގެ ކިޔެވުން އަނެއްކާވެސް ފަށައިފިއެވެ. މިފަހަރުވެސް ވަކިހިސާބަކަށް ދިޔައިރަށް ބަތީލު މައިތިރިވެއްޖެއެވެ. އެއާއިއެކު ސުލައިމާނު ސުވާލު ކުރަން ފަށައެވެ. އެއްގޮތަކަށްވެސް ބަތީލާއި އަޅައިގަނެގެން އުޅޭ ޖިންނި ދުރުވާގޮތެއް ނުވިއެވެ. އެންމެ ފަހުން ސުލައިމާނު އަހަންފެށީ އެ އެއްޗެއް ބަތީލުގެ ފަހަތުން އަޅައިގަންނަން ޖެހުނު ސަބަބެވެ. ޖަވާބު ދެނީ ބަތީލެވެ. ދެފަހަރު ސުވާލު އެހުމުން ދެފަހަރުވެސް ބުނީ ދެގޮތަކަށެވެ. އިންތިހާއަށް ދޮގު ހަދަނީއެވެ. އޮޅުވާލަނީއެވެ. އެންމެފަހުން ސުލައިމާނު މައިތިރި ބެހެއްޓިއެވެ. ކިޔަވަމުން ބަތީލުގެ ހަށިގަނޑުގެ ގުނަވަންތަކުންގައި އަތުން ޖަހަންފެށިއެވެ. އެއާއިއެކު ބަތީލު ނިކަން ބާރަށް ރޮއެގަނެއެވެ. އެކަމަކު ފެންނަ ފެނުމަށް ސުލައިމާނު ޖަހަނީ ވަރަށް މަޑުންނެވެ. އެހެންނަމަވެސް އެ އެއްޗަށް އަނިޔާވާކަމުގެ ހިލަން ވަމުންދިޔައެވެ. އެންމެ ފަހުން ސުލައިމާނުވެސް ހުޅުވާލީ އެންމެ ފަހުގެ ދޮރެވެ. ހެޔޮކަމާއި ސަލާމަތްކަން ލިބިގެންވި ގޮތް ސުލައިމާނު ހުށަހަޅަމުން، އަނެއްކޮޅުން އޭނާ ހުށަހެޅީ ބަތީލު ދޫކޮށްލާށެވެ. އެހެންނޫނީ އޭނާ އެ ޖިންނި އަންދާލާނަން ކަމުގައެވެ. ބަތީލު އުޅޭގޮތުން އެއްގޮތަކަށްވެސް ސުލައިމާނު ދައްކާ ވާހަކަ އަޑުއަހާ އެހެނެއް ހިޔެއްނުވެއެވެ. ބަތީލުގެ ދެފައި ދުރުވާންފެށީ ދެނެވެ. އަންބަރު އެހާ ބާރަށް ހިފަހައްޓާއިރުވެސް ބަތީލު މަސައްކަތް ކުރަމުން ދިޔައީ އޭނާގެ ދެފައި ދުރު ކުރުމަށެވެ. މިތަން ސުލައިމާނަށް ފެނުމާއިއެކު އޭނާގެ މޫނު ރަތްވެގެން ދިޔައެވެ.

“ކަލޭގެ ފަޔާ، އަތާ ބުރިކޮށްލީމަވެސް އަދިވެސް މިކުއްޖާ އާއި ބެހެންތަ ތިމަސައްކަތް ކުރަނީ، އިތުރު ފުރުޞަތެއްވެސް ދެން ނުދޭނަން، އަންދާލާނީ” ސުލައިމާނު މިހެން ބުނެ ބަތީލުގެ ކުރިން ޖެހިފައި ނޫން އަނެއްފައި ޖަހައިފިއެވެ. އެއާއިއެކު ބަތީލު މިފަހަރުވެސް ނުބައި އަޑަކުން ހަޅޭލަވައިގަތެވެ.

“ކޮންބާރެއް ތިދައްކަނީ، ބުނޭ، އަންދައިގެން ދާނީތަ، ނޫނީ ކަލޭ އައިކޮޅަކަށް އެނބުރި ދާނީތަ” ސުލައިމާނު އެހިއެވެ. ބަތީލު މައިތިރިވެގެން އޮންނަން ފެށުމުން ސުލައިމާނު އަނެއްކާވެސް ސުވާލު ކުރިއެވެ. އެވަގުތު ބަތީލު ވާހަކަދައްކަންފެށިއެވެ.

“އަހަންނަށް ބަތީލު ދެއްކީ މިންހާޖު، އޭނާ މިގޭ ކަންތައް ކުރަނީވެސް” ބަތީލު ބުންޏެވެ.

“އަނެއްކާވެސް ދޮގެއް ހެދީ” ސުލައިމާނު ދޫނުކުރާނޭކަން އަންގާލަން ބުންޏެވެ. އެއާއިއެކު ބަތީލު އެއީ ދޮގެއް ނޫންކަމަށް ބުނަންފެށިއެވެ. އަދި އޭނާ ދޫކޮށްލުމަށް ބުންޏެވެ. ސުލައިމާނަށް ޔަގީންވާ ވަރު ވުމުން އެ އެތީގެ މީހުންގެ ގާތަށް ދާން ދޫކޮށްލީ ދެން ދުވަހަކުވެސް އެގޭ ކުއްޖަކާއި ގާތް ވެގެން ނުވާނޭ ކަމަށް ބުނެފައެވެ. އަދި ގާތްވެއްޖެނަމަ އެއްވެސް ސުވާލެއް ކުރުމެއް އަދި މައާފް ދިނުމެއްނެތި ވަގުތުން އަންދާލެވޭނޭ ކަމުގައިވެސް ބުންޏެވެ. ސުލައިމާނުގެ ޝަރުތު ތަކާއި އެއްބަސްވުމާއިއެކު އޭނާގެ ބާރުގެ ދަށުން ޖިންނި ދޫކޮށްލިއެވެ. އޭރު ބަތީލު ހީވަނީ ޚަބަރު ހުސްވެފައި އޮތްހެނެވެ. ސުލައިމާނު އެއްޗެއް ކިޔަވާލާފައި ބަތީލުގެ ބޮލުގައި ފިރުމާލުމާއިއެކު އޭނާގެ ކޮނޑުގައި ޖަހާލަމުން ތެދުވާށޭ ބުންޏެވެ. އަދި މަޑުން ބަތީލަށް ގޮވަން ފެށިއެވެ.

“ދައްތާ، ދޭ ފެންފޮދެއްވިޔަސް ޔޫސްތައްޓެއް ވިޔަސް ނިކަން އަވަހަށް ގެންނަން، ޅިޔަނާ މިމަންޖެ ނަގާ ސޯފާގައި ބައިންދަމާ، އަދި އެއްވެސް ވަރެއް ހަށިގަނޑުގަ ނުހުންނާނެ، އޭނާ އަމިއްލިއަށް މާބޮޑު ހަރަކާތެއް ނުކުރެވޭނެ، ޖިންނި ހަށިގަނޑަށް ވަދެފައި ދާއިރު މިހާ ވަރަށް ވަރުބަލިކޮށްލާނެ” ސުލައިމާނު މިހެން ބުނުމާއިއެކު އަންބަރު ދަރިފުޅު ނަގައިގެން ގެނެސް ސޯފައި ބޭންދިއެވެ.

“ސުލައިމާނު، ބަލްމާ މިތަނަށް ދެން ނުކުތަސް ރަނގަޅުވާނެތަ، އެމަންޖެ ކޮޓަރީގައި އެއިނީ ވަރަށް ބިރުން” ދާރާ ޖޫސްތައްޓެއް ހިފައިގެން އައިސް ބަތީލުގެ ގާތުގައި އިށިންނަމުން އަހާލިއެވެ. އެއާއިއެކު ދާރާ ނިކަން ބާރަށް ބަލްމާއަށް ގޮވާލީ އެތެރެއަށް އަޑުދާނޭ ވަރަށެވެ. ދެން ފެނުނީ ކުއްލިއަކަށް ހަލުވިކޮށް ހިނގާލާފައި ބަލްމާ އައިސް ސިޓިން ރޫމުގައި ހުއްޓުނު ތަނެވެ.

“ދެން ބިރުގަންނަ އެއްޗެއް ނޫނޭ، އެކަންތައް އެނިމުނީއޭ” ސުލައިމާނު ހިނިއައިސްފައި ބަލްމާއަށް ބުންޏެވެ.

“ސުލައިމާނު، ރަނގަޅަށްތަ ތިކަންތައް ތިކުރީ، ދޫކޮށްލުން އެއީ އެންމެ ރަނގަޅު ގޮތްތައް، އަހަންނަށް އަދިވެސް ޔަގީނެއް ނުވޭ އޭތި އެބުނަނީ ތެދުކަންވެސް” އަންބަރު އިސްޖަހާލައިގެން އިރުކޮޅަކު އިނދެފައި ބުންޏެވެ.

“ހާސްނުވޭ ޅިޔަނާ، އަހަރެންވެސް ޔަގީންކޮށްފައި ދޫކޮށްލީ، ވަރަށް ވަރުވީފަހުން އެސޮރުވެސް މަރުވާން ބޭނުންނުވާތީ އެންމެ ފަހުން ގޮތްދޫ އެކުރީ، ދެން އިރާދަކުރެއްވިއްޔާ އެކަމުގެ އުނދަގުލެއް ނުޖެހޭނެ، މިހާރު ދެން ކުރަނީ ކާކުކަންވެސް އެނގިއްޖެތާ” ސުލައިމާނު ސިކުނޑީގެ ތެރޭގައި ޚިޔާލެއް ހިންގާލިފަދަ ގޮތަކަށް އިނދެ ޖުމްލަ ނިންމާލިއެވެ.

“ކާކުތަ ކުރަނީ” އަނގައިން ނުބުނަން ހުރެފަވެސް ބަލްމާއަށް ކެތެއްނުވިއެވެ.

“ބަލްމާގެ މި ކޮއްކޮ އާއި ގުޅެން އުޅޭ ފިރިހެން ކުއްޖާ، މިރޭ މިގެއަށްވެސް އައެންނު، މިންހާޖު އޯ، ދެން ނުވާނެ އޭނާ އާއި ވާހަކަ ދައްކައިގެން، އެއްގޮތަކަށްވެސް ގުޅުން ބާއްވާވަރުގެ މީސްމީހުނެއް ނޫން އެތިބެނީ، ޅައުމުރުގައި މިކަހަލަ ކަންކަމުގެ ތެރެއަށް ޒުވާން ކުދިން ވަންނާނެއޭ ކާކު ހީކުރާނީވެސް” ދާރާ ހިތްހަމަ ނުޖެހިފައި އިނދެ ބަލްމާއަށް ޖަވާބު ދެމުން ބުންޏެވެ.

“ބަލަ ދައްތާ، ކުރިންވެސް މިހާރުވެސް އިސްތިރި އަކީ އޮންނަ އެއްޗެކޭ، އެންމެ ކުރީގަވެސް އުޅެނީ ލޯބީގެ ކަންކަމުގައި ކުރާ ކަންތައްތައް، އިރާދަކުރެއްވިއްޔާ މިކަމުން ދެން މިސަލާމަތްވީތާ، ދެންވެސް ބަލައިގެން އުޅެންވީ، މިކުދިންވެސް ރީތިކޮށް ބަސްއަހައިގެން ފާޑުފާޑުގެ ތަންތަނަށް މީހުންނާއިއެކު ނުގޮސް އުޅެންޏާ ދެން މިކަހަލަ ކަންތައްތަކެއް ދިމައެއް ނުވާނެ” ސުލައިމާނު މާނަފުން ބަލާލަމުން ބަލްމާއަށް ބަލާލާފައި ބުންޏެވެ. އެބުނީ ކީކޭކަންވެސް ބަލްމާއަށް އެނގުނެވެ.

ދާރާ އިނީ ޤަބޫލު ކުރަން ދަތިވެފައެވެ. ސުލައިމާނު ބުންޏަސް އެހާ އަވަހަށް މިކަމުން ސަލާމަތްވެވިދާނެ ބާއޭ އޭނާގެ ހިތަށް އަރަނީއެވެ. ކޮންމެ ގޮތެއްވިޔަސް އެހެންވެއްޖެއްޔާ ކިތަންމެހާވެސް ރަނގަޅެވެ. މިހާލެއްގައި އުޅެއުޅެ މިކަން މިހާރު ބޮޑު ބައްޔަކަށް ދާރާއަށް ވާން ފަށައިފި ވިއްޔާއެވެ. ރޭގަނޑު ހަމަ ނިދި ލިބެނީއެއް ނޫނެވެ. އަބަދު އޭނާއަށް ހުރެވެނީ ފިކުރު ބޮޑުވެފައެވެ. ކުދިންނާއިމެދު ހިތްބިރުގަނެފައެވެ.

ދެކޮޅަށް ހިނގާލަ ހިނގާލަ މިންހާޖަށް ހުރެވުނެވެ. ސިކުނޑިއަށް އެއްގޮތަކަށްވެސް މިވަނީ ކިހިނެއްކަމެއް ނޭނގެއެވެ. ބަތީލު އުޅުނު ގޮތް ފެނުމުން އެއީ ކޮންކަހަލަ ކަމެއްކަން އޭނާއަށް އެނގެއެވެ. އެންމެފަހުން ނުހުރެވިގެން ހާރޫނަށް ގުޅަން ހިތަށް އެރިއެވެ. އެހެންނަމަވެސް ހާރޫނުވެސް މިހާރު އޭނާ އާއި ވާހަކަދެއްކުން މަދުކޮށްލައިފިއެވެ. ކަމެއް ކުރަން ބުންޏަސް އެތަށް ބަހަނާއެއް އޭނާ ދައްކައެވެ. އެހެންވެ ހާރޫން ގާތަށްވެސް މިންހާޖަށް ދެވޭކަށް ނެތެވެ. ބަލްމާއަށް ދިމާވިކަންތައް ދިމާވީވެސް މިންހާޖާއި ހެދިގެންނެވެ. އެކަމާ ބަތީލާއި ގުޅުން ހުރިކަމެއް މިންހާޖަށް ޔަގީނެއް ނުކުރެވެއެވެ. ހަދާނެގޮތެއް ނޭނގި ބޯހާސްވިވަރުން ގޭން ބޭރަށް ނުކުމެ ފާރުކައިރީ ހުރި ޖޯލިފަތީގައި އިށީނދެ ހަށިގަނޑު ދަމާލައިފިއެވެ. ނިތުގައި މަޑުމަޑުން އަތްހާކާލަމުން ސާފު އުޑަށް ބަލާލިއެވެ. ފުންނޭވާއެއް ބޭރުކޮށްލަމުން ދެލޯ މަރާލީ ހުރިހާ ޚިޔާލުތަކެއް ސިކުނޑިން ނެރެލުމަށެވެ. ހަމައެވަގުތު މޫނުމަތީ އެއްޗެއް ކޭތިލާފައި ދިޔަހެން ހީވިއެވެ. ސިހިފައި އަވަސް އަވަހަށް މޫނު ފޮޅާލަމުން މިންހާޖު ދެފަރާތަށް ނަޒަރު ހިންގާލިއެވެ. ފެންނަ ހިސާބުގައި މީހެއްގެ ހިލަމެއްވެސް ނުވެއެވެ. ދެން ބަލާލެވުނީ ގޭގެ ފާރުމަތިން މަގުމައްޗަށް ވާގޮތަށް ހެދިފައިހުރި ބޮޑުގަހަށެވެ. ގަހުގައި ވާލެއް އިނދެފައި އުދުއްސައިގަތީކަމުގައި ހީކޮށެވެ. އަނެއްކާވެސް މޫނު ފޮހެލަމުން އަތަށްބަލާލެވުނީ މޫނުގައި އެއްވެސް އެއްޗެއް ހޭކިފައި ހުރިތޯއެވެ. ފޫހިކަމާއިއެކު ދެފަރާތަށް މޫނު އަނބުރާލަމުން ޖޯލިން ތެދުވެއްޖެއެވެ. ލައިގެން ހުރި ޖިންސުގެ ދެޖީބަށް އަތްޖަހާލައިގެން ހުރެ ހިނގައިގަތީ ގޭތެރެއަށް ވަނުމަށެވެ.

ދެފަރާތަށް ފުރޮޅި ފުރޮޅި އޮއްވާ މިންހާޖަށް ނިދުނީ ވަރަށް ދަންވިފަހުންނެވެ. މިރޭ އެއްވެސް ކުއްޖަކާ ފޯނުންވެސް ވާހަކައެއް ނުދައްކައެވެ. އެއްވެސް ކަމެއް ކުރާހިތް މިންހާޖު މިރޭ ނުވިއެވެ. ނިދިފައި އޮންނަތާ އިރުގަނޑެއް ފަހުން އަރާމު ނިދީގެ ތެރެއިން މިންހާޖުގެ ގާތަށް އައީ ހޫރެއްފަދަ ރީތި ޕަރީއެކެވެ. ފަށުވި އިސްތަށިގަނޑުގެ ތެރޭ މޫނު ފޮރުވާލައިގެން ހުރެ އައިސް މިންހާޖުގެ ގާތުގައި އޮށޯވެއްޖެއެވެ. އެރީތި ހަށިގަނޑާއި ސަމާސާކޮށް މަސްހުނިވެލަން މިންހާޖު ބޭނުންވިއެވެ. ފަތިސްވަންދެން އޭނާ އާއިއެކު އެއަންހެން ކުއްޖާވިއެވެ. އެކޮޓަރިއަށް އެ އަންހެން ކުއްޖާ ވަނީ ކިހިނެއްކަމެއް އަދި ނުކުމެގެން ދިޔައީ ކިހިނެއްކަމެއްވެސް މިންހާޖަކަށް ނޭނގެއެވެ. އޭނާއަށް ހޭލެވުނީ މުޅި ގައިން ދިލަ ނަގައި ގަނެގެންނެވެ. އެންމެ ފުރަތަމަވެސް ދުވެފައި ގޮސްވަނީ ފާޚާނާއަށެވެ. އަވަހަށް ފެންމާގަނޑު ދޫކޮށްލުމާއިއެކު ގަޔަށް ފެންއަޅަން ފަށައިފިއެވެ. ކުޑަކޮށްވެސް ދިލަމަޑުވީ އޭގެ ފަހުގައެވެ. ފާޚާނާގައި ހުރި ލޯގަނޑު ކުރިމައްޗަށް މިންހާޖު ހުއްޓުނު ވަގުތު އޭނާ ދިޔައީ ސިއްސައިގެންނެވެ. މޫނުމަތީގެ އެއްފަރާތުގައި ބޮޑުތަންގަނޑެއް ފިހިފައި ހުރިހެން ހުއްޓެވެ. ނުވިތާކަށް ގައިގެ އެތަން މިތަނުގައި ލޭކޮށާލެވިފައިވާ އެކިއެކި ނިޝާންތައް ފެންނަން ހުއްޓެވެ. ކަންބޮޑުވުމާއިއެކު ހާސްކަން މިންހާޖުގެ ސިކުނޑިވަށާލައިފިއެވެ. މިންހާޖު ފާޚާނާގައި އަޅުވާފައި ހުރި ތުވާލި ނަގާ މަޑުމަޑުން ގައިގާ ކަނޑައިގެން ގޮސް ލޭހިލިފައި ހުރި ތަންތަން ފުހެން ފަށައިފިއެވެ. ދެންވެސް އޭނާއަށް ބަލާލެވުނީ ކުރިމަތީ ހުރި ލޯގަނޑުން ފެންނަ އޭނާގެ ސޫރައަށެވެ. މިވީ ކިހިނެއްބާއޭ ހިތަށް އަރާ ސުވާލު އުފެދުނަސް އެންމެ ކަންބޮޑުވާ ކަމަކީ އޭނާގެ މޫނުގައި ހުރި ނިޝާނުންނެވެ. ކޮޓަރިން ބޭރަށް ނުކުންނަ އިރަށް އެހެން މީހުންނަށް އޭނާގެ މޫނު ފެންނާނެއެވެ. ސުވާލުވެސް ކުރާނެއެވެ. އެކަމަކު އޭނާއަށް އެސުވާލު ތަކަށް ދޭނެ ޖަވާބެއް ނޭނގެއެވެ. ފާޚާނާއިން ނުކުމެގެން އައިސް ކޮޓަރީގައި ހުރި ގޮނޑީގައި މިންހާޖު އިށީނދެލިއެވެ.

މެންދުރުގެ ވަގުތެވެ. ހޫނު ގަދަކަމުން މަގުތަކުން އާވި އަރާ ކަހަލައެވެ. ކޮށާފައި ހުރި ފޯއް ދޮލަގެއް ގެނެސް ޖޯލީގެ ތެރޭގައި ބެހެއްޓުމަށްފަހު ޝަފިޔާ ގެއަށް ވަނެވެ. ސަރުކާރު ބަންދު ދުވަހެއް ކަމުން މިންހާޖަށް ހެނދުނު ގޮވަން ނުޖެހުނަސް އޭނާ އަމިއްލައަށް ދިހެއް ޖަހަންވާއިރަށް ހޭލައިގެން ސައިބޯން އަންނާނެކަން ޝާފިޔާއަށް އެނގެއެވެ. ދަރިފުޅުގެ އުޅުމާއިމެދު އޭނާ ހިތްހަމަ ނުޖެހުނެއް ކަމަކު އެކަމާ އެއްޗެއް ނުބުނަނީ، މިންހާޖަކީ ރަށުގައި ވިޔާނުދާވެގެން އުޅޭ ކުދިންނާ ގުޅިގެން އުޅޭ ކުއްޖަކަށް ނުވާތީއެވެ. ޝާފިޔާއަށް މިންހާޖުގެ ކަމުނުދާ ސިފައަކީ އޭނާ ދީނީ ކަންތައްތަކާއި ދުރުހެލިވާވަރެވެ. އަދި ގިނައިން ގެއިން ބޭރުގައި ވަގުތު ހޭދަކުރާ ކަމެވެ. މިންހާޖާއިމެދު ވިސްނަމުން ގޭތެރެއަށް ވަދެގެން އައި ޝާފިޔާ، މިންހާޖުގެ ކޮޓަރި އާއި އަރާ ހަމަވުމުން ދޮރުގައި ޓަކި ޖަހާލިއެވެ.

“މިންހާޖު، ދަރިފުޅާ… އަދިވެސް ނުހޭލަނީތަ، ދެން ތެދުވޭ، މެންދުރު ބަންގި ގޮވަން ކައިރިވެއްޖެ، ބަންދު ދުވަހެއް ކަމަކު މިހާއިރުވަންދެން ނިދަން އޮންނާކަށް ނުވާނެ” ޝާފިޔާ މިންހާޖުގެ ކޮޓަރި ދޮރުމަތީ ހުރެ ބުންޏެވެ.

“ނުނިދަމޭ މަންމާ” ސިއްސައިގެން ދިޔަ މިންހާޖަށް އަވަސް އަވަހަށް ބުނެވުނެވެ.

“ނުނިދަންޏާ ދެން އާދެބަލަ ސައިބޯން” ޝާފިޔާ މިހެން ބުނެ ހިނގައިގަތީ ބަދިގެ އާއި ދިމާލަށެވެ. ޝާފިޔާ ދަންދެން ކޮޓަރީގައި މަޑުކޮށްލައިގެން ހުރުމަށްފަހު މިންހާޖު މަޑުމަޑުން ކޮޓަރީގެ ދޮރު ހުޅުވާ ބޭރު ބަލާލިއެވެ. މީހަކު ފެންނަން ނެތުމުން ކޮޓަރިން ނުކުމެގެން އައިސް ސިޓިން ރޫމުގައި ހުރި ކަބަޑެއް މިންހާޖު ހުޅުވިއެވެ. އޭގެ ތެރޭގައި ހުރި ފަސްޓް އެއިޑް ފޮށި ހިފައިގެން ހަލުވި ކަމާއިއެކު މިންހާޖު އައިސް ކޮޓަރިއަށް ވަނެވެ.

“މިންހާޖު، މޫނަށް ކިހިނެއްވީ” ބަދިގެއަށް ވަދެގެން އައި މިންހާޖުގެ މޫނުގައި ބޭސްފޮތިގަނޑެއް ހަރުކޮށްފައި ހުރުމުން ޝާފިޔާ ކަންބޮޑުވިއެވެ. އަވަހަށް އައިސް ދަރިފުޅުގެ ދަތްދޮޅީގައި ހިފާ އުފުލާލަމުން މިންހާޖުގެ މޫނު ރަނގަޅަށް ބަލާލިއެވެ.

“ކަމެއް ނުވެޔޭ މަންމާ، ރޭގަ ބާބިކިއު ހަދަން ރައްޓެހި ކުދިބަޔަކާއިއެކު އުޅެނިކޮށް ފިހުނީ” މިންހާޖު ވާހަކައެއް ހަދާލިއެވެ.

“އެހެންނޭ ވާނީ މާސަކަރާތް ބޮޑުވެގެން އުޅެންޏާ، ރައްޓެހިންނާއި ޖެހިއްޖެއްޔާ ދެން މިމީހުންގެ ހޭވެރިކަމެއް ނުހުންނާނެ، މިހާރު ކިހިނެއް ހަދާފަ ތިހިރީ، ވަރަށް ބޮޑަށްތަ ފިހުނީ، ޑޮކްޓަރަކަށް ނުދައްކާނަންތަ” ޝާފިޔާ ކާން ހަދާދެމުން ބުންޏެވެ. މިންހާޖުގެ ވާހަކަ ހުރި ގޮތުން މާބޮޑުކަމެއް ވެގެން އުޅޭ ކަމަކަށް އޭނާ ނުހެދިއެވެ. އެހެންނަމަވެސް އާދަޔާއި ޚިލާފަށް މިންހާޖަށް ހޫނުވާކަން އޭނާއަށްވެސް ފާހަގަވެފައި ވެއެވެ. ހަށިގަނޑުން ނަގާ ދިލަޔަށް ލުޔެއް ލިބެނީ ހަމައެކަނި ފެންވެރުމުންނެވެ. ބަނޑުހައިވެފައި އިނެއްކަމަކު މިންހާޖަށް ރަނގަޅަށް ނުވެސް ކެވުނެވެ. ކުޑަކޮށް ކާލައިގެން އޭނާ އަނެއްކާވެސް ދިޔައީ ކޮޓަރިއަށެވެ. އަދި ހާރޫނަށް ގުޅޭތޯ މަސައްކަތް ކުރިއެވެ.

“އަހަރެން ބައްތުމެންގެއިން ނުކުމެގެން ސީދާ އައީ ގެއަށް، އޭގެ ފަހުން އެއްވެސް ތަނަކަށް ނުދަން، ރަނގަޅަށް ހަނދާން އެބަހުރި، އަނެއްކާ ބައްތުއަށް ދިމާވެގެން އުޅޭ ކަންތަކުން އަހަންނަށް އަސަރު ކުރަނީ ނޫންބާ، ބައްތު އާއިއެކު އުޅޭތީކަމަށް ވެދާނެ… ހާރޫން، ކަލޭވެސް ފޯނު ނުނަގަނީ ކީއްވެތަ، އަހަރެން ކަލޭ ބޭނުން ވަރަކަށް ފައިސާ ދީފާނަމޭ” ބޯހާސްވެފައި ހުރެ މިންހާޖު އޭނާ އަމިއްލަ ނަފްސާ ވާހާކަދައްކަމުން ދިޔައެވެ.

ސުލައިމާނު ހުރިހާ ކަމެއްކޮށް ނިމުނު އިރު ހުރީ ރޭގަނޑު ބާރަޖަހާފައި ކަމަށް ވާތީވެ އޭނާ ނިންމީ ދާރާމެންގޭގައި މަޑުކުރާށެވެ. އޭނާ ގެއަށް ދިޔައީ މެންދުރު އެގެއިން ކައިގެންނެވެ. އޭނާ ކޮށްދިން ކަންތަކުގެ އަގު ނުކީ ކަމުގައިވިޔަސް ދާރާ، ސުލައިމާނަށް ވަރަށް ގިނަ ފައިސާ ދިނެވެ. އެކަމާ ޚުދު ސުލައިމާނުވެސް ހުރީ ވަރަށް ހިތްހަމަޖެހިފައެވެ. ތިމާގެ މީހުންނަށް ކަންތައްތައް އޭނާ ނުކޮށްދެނީ އެމީހުންގެ ފަރާތުން ފައިސާ ނުލިބޭތީއެވެ. އެހެންނަމަވެސް ދާރާ ބުނީމަ ނުކޮށްދީ ނުކެރުނީއެވެ. އެކަމަކު މިހާރު ދާރާ އެދުނު ކަންތައް ކޮށްދެވުނީތީ އޭނާ ހިތްހަމަޖެހިއްޖެއެވެ. އޭގެ ނަތީޖާ ފޮނިވީމައެވެ.

އެހެން ރޭ ރެއާއި ޚިލާފަށް ރޭގައި ބަތީލަށް އަރާމުކޮށް ނިދާލެވުނެވެ. އެހެންނަމަވެސް އޭނާއަށް ނުބައިވަސް ދުވަނީއެވެ. ކަރުގޮހޮރު ފަދަ އެއްޗެއް ކުނިވެގެން އުޅޭކަހަލަގެ ވަހެކެވެ. ލައިގެން ހުރި އެއްޗެހި ދާވަށިގަނޑަށް ލުމަށްފަހު ދެފަހަރަށް ފެންވެސް ވަރައިފިއެވެ. ނަމަވެސް އެވަސް ބަތީލުގެ ގައިން ފިލައިގެނެއް ނުދެއެވެ. އެއްވެސް މީހެއް ކައިރީ އަދި އެވާހަކައެއް ބަތީލު ނުބުނެއެވެ. އޭނާއަށް އެވަސް ދޭތެރެ ދޭތެރެއިން ދުވައެވެ. އެކަމާ ފަރުވާލެއް ބެހެއްޓޭވަރަށްވުރެ މިފަހަކަށް އައިސް އޭނާގެ ހާލު މާ ދެރައެވެ.

ސުލައިމާނު ނުކުމެގެން ދިއުމުން ދާރާ އަވަސްވެގަތީ ބަލްމާ ގޮވައިގެން ހޮސްޕިޓަލަށް ދާށެވެ. ބަލްމާގެ ބަނޑު އަންހެނުންގެ ޑޮކްޓަރަށް ދެއްކުމަށެވެ. ބަތީލާއިއެކު އަންބަރު ގޭގައި ބަހައްޓާފައެވެ. ސުލައިމާނުގެ ބަހަށް އިތުބާރުކޮށްފައެވެ. ސުލައިމާނު ތައްޓެއް ލިޔެފައި ބަލްމާއަށް ދިނުމަށްފަހު އޭނާވެސް ބުނީ ޑޮކްޓަރީ ފަރުވާވެސް ބޭނުންވާނެ ކަމުގައެވެ. އެހެންވެ ލަސްނުވަނިސް ބަލްމާގެ ބައްޔަށް ޝިފާއެއް ހޯދުމަށް ދާރާ މަސައްކަތްފެށީއެވެ.

* * * *

ތިންދުވަސް ހޭދަވެގެން ދިޔައިރު މިންހާޖަށް ގެއިން ބޭރަށް ނުކުންނާކަށް ނުކެރެއެވެ. ނުކުންނައިރަށް ކަޅުބޮޑު ހިޔަންޏެއް އޭނާ އާއި ދިމާކުރަނީއެވެ. އަނެއްބައި ފަހަރު ދުރުގައި ބަލަން ހުންނަނީއެވެ. އޭނާ ދާހާތަނަކަށް އޭތި ދެއެވެ. އަނެއްބައި ފަހަރު ކުރިކަނޑާ ވަރުން ކުރިއަށް ދެވޭގޮތެއް ނުވެއެވެ. ރޭގަނޑު ގަޑީގައި ގެއިން ބޭރަށް ފިޔަވަޅެއް އަޅައިފިނަމަ ނުފެންނަ މީހަކު އޭނާގެ ގައިގާ ބޮނޑިއެއްއަޅައެވެ. އެހެންނަމަވެސް ހިތްވަރުކޮށްފައި ހޮސްޕިޓަލަށް އޭނާ ދިޔައެވެ. ޑޮކްޓަރުންނަށް އޭނާގެ ގައިން ދިލަ ނަގަންވީ ސަބަބެއް ނޭނގުނެވެ. އެހެންނަމަވެސް މޫނުމަތީގައި ފިހިފައި ހުރި ތަނުގަ އާއި ގައިގާ އުނގުޅާ ލޯޝަނެއް ދިނެވެ. އޭގެ ބޭނުން މިންހާޖު ކުރެއެވެ. އެއްވެސް ބަދަލެއް ނާދެއެވެ. މޫނުގައި ފިހިފައި ހުރި ތަން ރަނގަޅުވާފަދަ ގޮތަކަށް ހުރެފަވެސް ހެނދުނު ހޭލާއިރު ހުންނަނީ ދެންމެ ފިހިފައި ހުންނަ ތަނެއްހެން ފޮޅުލާ ފޮޅު ފަޅައިގެން ގޮސް ހަންގަނޑު ފޮޅިފައެވެ. މުޅި މީހާގެ ސިފަގެއްލިފައެވެ. މިއީ އާދައިގެ ކަމެއްނޫންކަން މިންހާޖަށް އެނގެއެވެ.

“ކީކޭ، އަހަރެން ބުނީ މެންނު އަހަންނަށް ދެން ނުގުޅާށޭ” ހާރޫނަށް އެތަށް ފަހަރަކު މިންހާޖު ގުޅާފައި ހުރުމުން ގުޅިއެވެ.

ހާރޫނު ވާހަކަދެއްކި ގޮތުން މިންހާޖު ވަރަށް ފޫހިވިއެވެ. އެހެންވިޔަސް މިއަދު އޭނާއަށް އެފަދަ މީހެއްގެ އެހީ ވަރަށް ބޮޑަށް ބޭނުންވެފައިވެއެވެ. އެކަމާހުރެ އޭނާ ވާހަކަ ކުރިއަށް ގެންދިއަ އެވެ.

“ހާރޫން، އަހަރެން ކަލޭ ބުނާ ވަރުގެ ޑަބަލް ރުފިޔާ ދީފާނަން، އެކަމަކު އަހަންނަށް ކަމެއް ކޮށްދޭންވެއްޖެ، މިފަހަރު އަންހެން ކުއްޖެއްގެ ކަމެއްނޫން، އަހަރެން މިއުޅެނީ…” މިންހާޖު އޭނާއަށް ދިމާވެގެން އުޅޭ ކަންތައްކުގެ ތަފްޞީލު ހާރޫނަށް ކިޔައިދިނެވެ.

“ތީ ރަނގަޅު ކަމެއްނޫން، ތިކަން ތިހިރީ ވަރަށް ގޯސްވެފަ، އަހަރެން ބަލައިދީފާނަން، އެކަމަކު މިފަހަރު ހަމައެކަނި ބަލާލަދޭނީވެސް ތިންހާސް ރުފިޔާ ދިނީމަ، އަދި ބުނަން، އަހަރެން ބަލައިދިނަސް އޭގެ މާނައަކީ ކޮންމެހެން އަހަރެން މިކަމުގަ މިންހާޖަށް އެހީވާނެއެކޭ ނޫން، ބަލާފަ އަންނަ ގޮތަކުން އެކަން ނިންމާނީ، ދެން އެހަށް ބާއްވަނީ” ހާރޫން ވާހަކަދެއްކިޔަސް ހީވަނީ އަވަހަށް ފޯނު ކަނޑާނުލެވިގެން އުޅޭހެންނެވެ. އެހެންނަމަވެސް ހާރޫން، މިންހާޖަށް ދިމާވެގެން އުޅޭކަންތައް އެއީ ކިހިނެއް ވާކަމެއްތޯ ބަލާލަ ދޭން އެއްބަސްވީތީވެސް އެވަރުން މިންހާޖަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބިގެންދިޔައެވެ.

“ހިތްހަމަ ޖެހޭނެ އެންނު، މީގެ ކުރިން ދުވަހަކުވެސް މިފަދަ ކަމެއް ދިމާވީއެއްނޫން، ސުލައިމާނުގެ އެހީ މިކަމުގައި ނުލިބުންނަމަ ނޭނގެ ވާނޭގޮތްވެސް، ނަސީބަކުން އިރާދަކުރެއްވީތީ މިހާރު ހުރިހާ ކަމެއްވެސް ރަނގަޅު، އެކަމަކު އަދިވެސް އެދެބެން އުޅެނީ ފާޑަކަށް، ހީވަނީ އެ ބިރުވެރިކަން ހިތުން ފިލައިގެން ނުދަނީހެން” ދާރާ ވާހަކަދެއްކީ ގެއަށް އައިސް ތިބި އަންބަރުގެ ވަރަށް ގާތް ރަޙުމަތްތެރިއެއްގެ ކުދިންނާއިއެވެ.

“އެކަމަކު ދައްތާ، ތިކަން ތިކުރެވުނީކީ އަދި ކުރަންޖެހޭ އެންމެ ރަނގަޅަކަށް ނޫން، މިބުނީ ދިނީ ގޮތުން ވިސްނާލާއިރު މިކަން ކުރަންޖެހޭނީ މިގޮތަކަށް ނޫނޭ، މިހާރު ވަރަށް މޮޅެތި މީހުން އެބަތިބި، މިކަހަލަ ކިތަންމެ ކަމެއް އެމީހުންވަނީ ރުޤުޔާގެ އެހީގައި މުޅިން ރަނގަޅުކޮށްފަ، ނިޝާ އަތުގަ ހުންނާނެ ވަރަށް ރަނގަޅު ދުޢާތަކެއްވެސް، އެއީ ޝިފާގެ ދުޢާތަކެއް، އަހަރެން މާދަމާ އަންނާނަން އެ ކަރުދާސްތައް ހިފައިގެން” އަދަން އޭނާއަށް އެނގިފައިވާ އެއްޗެއް ދާރާމެންނަށް އޮޅުން ފިލުވައިދޭން މަސައްކަތް ކުރިއެވެ.

“ތެދެއް ދައްތާ، ތަވީދު ކަހަލަ އެއްޗެހި އަޅައިގެން އުޅުމާ، ގޭގައި މިގޮތަށް އަކައެއްޗެހި ކުރަހާފައި ހުންނަ ކަރުދާސް ތަކާއި ފިލާތައް ބެހެއްޓުމަކީ އެއްގޮތަކަށްވެސް ރަނގަޅުކަމެއް ނޫން، އަދަން އަތަށް އެކަރުދާސްތައް ދޭނަން، އޭގައި ހުންނާނެ ވަރަށް ގިނަ ދުޢާތައް، އެކުދިންވީ ނަމާދުކޮށް އެފަދަ ދުޢާތައް ގިނަގިނައިން ކިޔާ އުޅެން، އޭރުން އިރާދަކުރެއްވިއްޔާ މިކަހަލަ ދެރަގޮތްތަކެއް ދިމައެއްނުވާނެ” ނިޝާ ބުންޏެވެ.

ނިޝާއަކީ އަންބަރުގެ ރަޙުމަތްތެރިޔާގެ އަންހެން ދަރިއެކެވެ. މައިންބަފައިންނާއި އެއްވަރަށް ދަރިންނާވެސް ގުޅުންވަނީ ބަދަހިވެފައެވެ. ނިޝާމެންގެ ދެމަފިރިންވެސް އަދި އެގޭ އެހެން ކުދިންވެސް އަންބަރު އުޅޭ ހިސާބަށް އާދެވިއްޖެނަމަ އެގެއަށް ނުވަދެއެއް ނުދާނެއެވެ. އެހެންވެ އެހާ ގާތްކޮށް ދެކޭ ބަޔަކު ޚިޔާލެއް ފާޅު ކުރުމުން އެކަން ޤަބޫލު ކުރަންވެސް ފަސޭހަވީއެވެ.

“ތިކަން އެނގޭ، އެކަމަކު އެވަގުތު އެކަހަލަ މީހަކުވެސް އަތުގައި ނުޖެހުނީ، އެކަހަލަ މީހަކާ ގުޅޭނޭ ގޮތެއްވެސް ނޭނގުނީ، މިރަށުގައި ތިބުނާހެން ކުދިން ރަނގަޅުކޮށްދޭ ބަޔަކު އުޅޭކަންވެސް އެނގޭނަމަތާ މީހުން ގާތު ކިޔައިގެން ހޯދޭނީވެސް، ކުއްލިއަކަށް ދިމާވި ކަމެއްވިއްޔާ މީ، ދައްތަވެސް ހުރީ ހަދާނެގޮތެއް ނޭނގި ފާޑަކަށް ބޯގޮވާފަ، ދައްތަވެސް ބޭނުން ދީނުގައި އޮންނަ ގޮތަށް މިކަން ކުރަން، ކާކުތަ އެކަން ކޮށްދޭނީ” ދާރާ ބުންޏެވެ.

“އަހަރެން އަތުގަ އޮންނާނެ ނަންބަރެއް، އެކަމަކު މިކަހަލަގެ ދުވަސްކޮޅަކު އޭނާއަށް ވަރަށް ވަގުތުވެސް ނުވާނެ، އެހެންވިޔަސް އަހަރެން އޭނާއަށް ގުޅާލާފަ ނަންބަރު ދޭނަން” އަދަން ބުންޏެވެ. އެދެމަފިރިންވެސް ތިބީ އަންބަރުގެ ޢާއިލާއަށް އެހީތެރިވެވެން އޮތްގޮތަކުން އެހީތެރިކަން ފޯރުކޮށްދޭންށެވެ.

ނިޝާ އާއި އަދަން ދިއުމުން އެމީހުންގެ ވާހަކައަށް ވަރަށް ތާޢީދުކޮށް އަންބަރު، ދާރާ އާއި ވާހަކަދެއްކިއެވެ. އެމީހުން ބުނާގޮތަށް މިކަން ކޮށް ގޭގައި ހަރުކޮށްފައި ހުރި ހުރިހާ ކަރުދާސްތަކެއް ނައްޓާލުމަށާއި ކުދިންގެ ގައިގާ އަޅުވާފައި ހުރި ތަވީދުތައްވެސް ނަގަން އަންބަރު ޚިޔާލު ފާޅުކުރިއެވެ. އަދި އިތުރަށް ސުލައިމާނު ގެނެސްގެން އޭނާ ލައްވާ ކަންތައް ކުރުވާނެ ކަމެއް ނެތްކަމުގައިވެސް ބުންޏެވެ.

“އަންބަރު، ތިކަމާ އަހަރެން ދެކޮޅެއް ނަހަދަމޭ، ހައްތަހާވެސް އެމީހުން އެބުނާ ކަހަލަގެ މީހަކު ނުލިބެނިސް މިތަކެތި އުކާނުލަންވެގެން، އެކުދިންނަށް ވީވަރު ފެނުނެންނު، އަހަންނަކަށް މުޅި އުމުރު ދުވަހު މިމަންޒަރުތައް ބަލާކަށް ކެތެއްނުވާނެ” ދާރާ ވިސްނަން އިނދެފައި ބުންޏެވެ. އަންބަރުވެސް އިތުރަށް އެއްޗެއް ބުނަން ބޭނުންނުވީ ދާރާގެ ވާހަކަވެސް މުޅިން ގޯސް ނޫންވީމައެވެ.

ބަލްމާ އާއި ބަތީލު އެކުދިންގެ އަމިއްލަ ކޮޓަރިއަށް ނިދާކަށް އަދިއެއް ބަދަލެއް ނުވެއެވެ. ބަލްމާ މަޑުމަޑުން ހަމައަކަށް އެޅުނެއް ކަމަކު ބަތީލު ގިނަވަގުތުގައި ހުންނަނީ ނެގިމަޑުވެފައި ހުންނަ ކަހަލަ ގޮތަކަށެވެ. ވާހަކަދައްކަނީ ވަރަށް މަދުންނެވެ. މިންހާޖާއި އެއްވެސް ވަރަކަށް ވާހަކަދެއްކުން، އަންބަރާއި ދާރާ ވަނީ ބަތީލަށް މަނާކޮށްފައެވެ. ޚުދު އޭނާވެސް މިހާރު އެހާ ވަރަކުން މިންހާޖާއި ވާހަކަދައްކާ ހިތެއް ނުވެއެވެ. ކުރިން އެދެމީހުން ގާތް ކުރަމުން ދިޔައީ މުޅިން އެހެން ބާރެއްވީމާ ކަމަށް ވެދާނެއެވެ. މިންހާޖާއި ހެދި މޮޔަވާވަރުވެފައި ބަތީލު ހުއްޓަސް އެ އިޙްސާސްތައް މުޅިންހެން އޭނާގެ ހިތުން ފިލައިގެން ހިނގައްޖެއެވެ. އަދި މިންހާޖުގެ ހަޤީޤަތްވެސް އޭނާއަށްވަނީ އެނގިފައެވެ. މޫނުމަތީގެ ކުލަވަރު ހުންނަ ގޮތުން ހީވަނީ، މިންހާޖު ފަދަ މީހެއްގެ މަޅީގައި އޭނާ ޖެހުނީތީ އެކަމާ ހިތާމަ ކުރާހެންނެވެ.

ދިނާރުގެ ގާތްކަމުގެ ސަބަބުން ބަލްމާ ހުންނަނީ ވަރަށް ހިތްހަމަޖެހިފައެވެ. އަދި ވީހާވެސް އަވަހަކަށް ކައިވެނި ކުރަން ބޭނުންވެފައެވެ. ދާރާ އާއި އެވާހަކަދައްކަން ޚިޔާލު ދިނީ ދިނާރެވެ.

“ބެލް، އަހަރެން ބެލްގެ މައިންބަފައިންގެ ގާތުގައި ބެލް އާއި ކައިވެނި ކުރަން ބޭނުންވާކަން ފާޅު ކުރީ، އަހަރެންވެސް ބޭނުން ވަރަށް އަވަހަށް ބެލް އާއި ކައިވެނި ކުރަން، އެހެންވީމަ އެކަން އަވަސް ކުރުން އޮތީ ބެލްގެ އަތްމަތީގަ، މަންމަމެންނާއި ވާހަކަދައްކައިގެން ދުވަހެއް ކަނޑައެޅޭތޯ ބަލަންވީނު، އަދި އަހަރެން ބޭނުން ބެލް މަންމަމެންގެ ހުއްދައެއް ހޯދަން” ދިނާރު ބުންޏެވެ.

“ހޫމް، އަހަރެން ރަނގަޅު ވަގުތަކުން މަންމަ އާއި ތިވާހަކަ ދައްކާނަން، ދެން ކޮންކަމަކު އެމީހުން ގާތުން ހުއްދައަކަށް އެދެން ތިއުޅެނީ” ބަލްމާ ހައިރާންވެފައި އަހާލިއެވެ.

“ބެލް ގެއިން ބޭރަށް ނެރެންވެގެން” ކުޑަކޮށް ހީނލަމުން ދިނާރު ބުންޏެވެ.

“އެހެންވީރު ހިޔެއްނުވޭ ހުއްދަ ލިބޭނެ ހެންނެއް، މަންމެން އަދިވެސް ވަރަށް ބަލައިގެން އުޅެނީ، ސުލައިމާނުބެވެސް ބުނެފަ އޮތީ އަދި އެހަށް ގޭގައި މަޑުކޮށްލުމަށް، ބޭރުތެރެއަށް ނުކުމެ ނޫޅުމަށް” ބަލްމާ ބުންޏެވެ.

“އަހަރެން ބެލް ގެއިން ބޭރަށް ނެރެން މިއުޅެނީ ކުރިންހެން ބެލް ގޮވައިގެން ތަންތަނަށް ދާކަށް ނޫނޭ، އަހަރެން ބޭނުން ކައިވެނީގެ ކުރިން އަހަރެންގެ މަންމަ އާއި ބެލް ބައްދަލުކޮށްދޭން، މަންމަ ވަރަށް އޯކޭވެފަ ހުރީ، ބައްޕަވެސް ނުބުނޭ އެއްވެސް އެއްޗެކޭ، އޭގެ މާނައަކީ ބައްޕަވެސް އޯކޭ އޭ، ދެން އެހެންނޫނަސް އަހަރެން ގޯސް ނިންމުމެއް ނުނިންމާނެކަން އެމީހުންނަށް އެނގޭނެ، ބެލް ދާނަންތަ އަހަރެންގެ ގެއަށް، މަންމައަށް ފެނިލަން” ދިނާރުގެ އަސްލު ބޭނުން ހާމަ ކުރިއެވެ.

“ހެ ހެ ހެ… ސީރިއަސްކޮށްތަ، އެކަމަކު ދެން ނުކެރޭނެ، އަހަރެން ވަރަށް ލަދުގަންނާނެ ތިގެއަށްދާން، އެހެންނޫނަސް ދިނާރު މަންމައަށް އަހަންނަކީ ޖިންނި މޮޔަވެފައި ހުރި އަންހެން ކުއްޖެއްކަން އެނގޭއިރަށް ހިތްހަމަނުޖެހޭނެ، އަހަރެންދެކެ ބިރުން އުޅެދާނެ، އަހަރެން ބޭނުމެއްނޫން އެކަހަލަ ކަމެއް ވާކަށް” ބަލްމާ މިހެން ބުނުމުން ދިނާރު އޭނާގެ މަންމައަށް ހުރިހާ ކަމެއް ކިޔައިދީފިން ކަމުގައި ބުންޏެވެ. އަދި ވަކިން ބޮޑަށް ބަލްމާ ހައިރާންވީ ދެނެވެ. ޤަބޫލު ނުކުރެވިގެން އެއީ ހަމަ ތެދެއްތޯ ސުވާލު ކުރިއެވެ.

“އާން، މީ ހަމަ ތެދެއް، މަންމައަކީ ތިބުނާ ކަހަލަ ޚިޔާލުގެ މީހެއްނޫން، އެއަށްވުރެ މާ އަންޑަރސްޓޭންޑު ވާނެ، ބެލް އެއްފަހަރުވެސް މަންމަ އާއި މީޓުވީމާ ތިހެނެއް ނުބުނާނެ، މަންމަ ވަރަށް ނައިސްވާނެ” ދިނާރު ބުންޏެވެ.

“އެހެންވިޔަސް މަންމަމެން އަހަރެން ގެއިން ބޭރަށް ނުކުންނަން އަދި ހުއްދައެއް ނުދޭނެ” ބަލްމާ މިހެން ބުނުމުން ދިނާރު އެގޮތްވެސް ޤަބޫލު ކުރިއެވެ. ބަލްމާއަށް ގެއިން ބޭރަށް ނުކުމެވެންދެން އޭނާ އިންތިޒާރު ކުރާނެ ކަމާއި މިހާރުގޮތަށް ކޮންމެ ދުވަހަކުވެސް ކޮންމެވެސް ގަޑިއަކު ބަލްމާ އާއި ބައްދަލު ކުރަން އަންނާނެ ކަމަށް ދިނާރު ބުންޏެވެ.

ދާރާގެ އެނދުމަތީ އަރިއަކަށް ޖެހިގެން އިން ބަލްމާއަށް ފުރަގަސް ދީގެން އޮތް ބަތީލު ކުއްލިއަކަށް ތެދުވެ ފޯނުން ވާހަކަދައްކަން އިން ބަލްމާއަށް ބަލާލިއެވެ. އަދި މޫނު ކުނިކޮށްލުމާއިއެކު ފާޚާނާ އާއި ދިމާލަށް ދުއްވައިގަނެއްޖެއެވެ. އެވަގުތު ބަލްމާގެ ސަމާލުކަންވެސް ބަތީލަށް ހުއްޓިއްޖެއެވެ. ދިނާރު ގާތު ފަހުން ގުޅާނަން ކަމަށް ބުނެ ފޯނު ކަނޑާލުމާއިއެކު ބަތީލަށް ގޮވަމުން އޭނާގެ ފަހަތުން އައިސް ފާޚާނާއަށް ވަދެއްޖެއެވެ. އޭރު ގުދަށް އޮތް ބަތީލު ފާޚާނާ ތަށްޓަށް ބޯ ދިމާކޮށްގެން އޮވެ ހޮޑުލަނީއެވެ.

“ބައްތު، އާރ ޔޫ އޯލްރައިޓް، އަންނާނަން މަންމައަށް ގޮވާފަ” ބަލްމާ މިހެން ބުނެ ދުއްވައިގަތީ ދާރާ ހުރި ހިސާބެއް ބެލުމަށެވެ. ބަލްމާ ފާޚާނާއިން ނުކުމެ ގިނައިރެއް ނުވެ ފާޚާނާގެ ފެންލައިޓާއި ދިމާލުން ވިދާލިހެން ބަތީލަށް ހީވިއެވެ. ހޮޑުލާ ނިމުމުން އަނގަދޮވެލާފައި އެއަލި އައި ދިމާލަށް ބަތީލު ބަލާލިއެވެ. އޭރު އަލިގަނޑެއް ފާޚާނާގެ ކަނެއްގައި ހުއްޓެވެ. އޭތި ބަތީލު ބަލަން ހުއްޓާ މަޑުމަޑުން އައިސް ފާޚާނާ ތަށީގެ ފްލޭޝް ޓޭންކު ކައިރީ މަޑުކޮށްލައިފިއެވެ.

ބަތީލަށް ހީވާގޮތެއް ނޫންކަން އޭނާއަށް އެނގެއެވެ. އެހެންނަމަވެސް އަޖައިބުވެފައި ބަލަހައްޓައިގެން ހުރެވުނީއެވެ. އަލިގަނޑު ކުއްލިއަކަށް ގެއްލުމުން ބަތީލު ސިހިފައި ފަހަތަށް ޖެހިލެވުނެވެ. އެކަން މާބޮޑު ކަމަކަށް ނުހަދާ އޭނާ މޫނު ދޮންނަ ތަށިމަތީގައި ހަރުކޮށްފައި ހުރި ލޯގަނޑުން މޫނު ބަލާލިއެވެ. އަދި ފާޚާނާއިން ނުކުންނަން އުޅުނު ވަގުތު ފެންލައިޓުގައި އަރިއަށް ޖަހާފައި ހުރި ބިއްލޫރުތަކުގެ ތެރެއިން މީހެއްގެ ސޫރަ ފާޅުވިތަން ފެނުނެވެ. އެސޫރަ ހުރިލެއް ބިރުވެރިކަމުން ބަތީލަށް ބޭއިޙްތިޔާރުގައި ނިކަން ބާރަށް ހަޅޭލަވައި ގަނެވުނެވެ. އޭރު ދާރާ އާއި ބަލްމާއަށް އެކޮޓަރިއަށް އައިސް ވަދެވެނީއެވެ. ބަތީލުގެ ހަޅޭކުގެ އަޑުއިވުމުން ދާރާއަށް ހުރެވުނު ތަންވެސް ނޭނގުނެވެ. ހިނގާފައި ދިއުމުގެ ބަދަލުގައި ފާޚާނާ އާއި ދިމާލަށް ދުއްވައިގަނެވިއްޖެއެވެ. ކުއްލިއަކަށް ފާޚާނާއިން ނުކުން ބަތީލު ޖެހުނީ ދާރާގެ ގައިގައެވެ.

“ކިހިނެއްވީ” އަވަހަށް ދާރާ އަހާލިއެވެ. ބަތީލު އެއްޗެއް ނުބުނެ އިރުކޮޅަކު ހުރުމަށްފަހު ދާރާއަށް ކަންވީގޮތް ކިޔައިދިނެވެ. އަޖައިބުވެފައި ހުރި ދާރާއަށް އެއްޗެއް ބުނާކަށް ނޭނގުނެވެ. އޭނާގެ ސިކުނޑީގައި އެތަށް ސުވާލެއް އެއްފަހަރާ އުފެދިގެން ދިޔައެވެ. ސުލައިމާނު ބުނިގޮތުން ބަތީލު އެހެރީ ރަނގަޅުވެފައެވެ. ވީއިރު އެފަދަ ކަމެއް ދިމާވާންވީ ކީއްވެ ހެއްޔެވެ. އަނެއްކާ އެގެއަށް އެފަދަ ރޫހާނީ ބާރުތަކަށް ނުވަދެވޭނޭ ގޮތް ހެދުމުގެ ގޮތުން ސުލައިމާނު ވަނީ ގޯތި ވަށައިގެން ފެންކިޔަވާފައި އަޅާފައެވެ.

“މަންމާ” ބަލްމާ، ދާރާގެ އަތުގައި ހިފާ ތަޅުވާލަމުން ގޮވާލިއެވެ. އެއާއިއެކު ދާރާއަށް ހަމަވިސްނުން އަތުވެއްޖެއެވެ.

“ދަރިފުޅު ބަލިވީތަ، ކީއްވެތަ ހޮޑުލެވުނީ، ހިނގާބަލަ ތަންކޮޅެއް ރަނގަޅަށް ކާއެއްޗެއް ކާލަން، އެހާ މަދުން ކަނީ، ކިހިނެއް ގައިގަ ވަރެއްވެސް ހުންނާނީ، ތިހެން އުޅެންޏާ ކިހިނެއް ރަނގަޅުވާނީ، ސުލައިމާނުބެވެސް ބުންޏެންނު، ވަރަށް ރަނގަޅަށް ކައިގެންނޭ އުޅެންވާނީ، ހިނގާ އަވަހަށް، މެންދުރު ޖޫސްތަށި ބޯލިގޮތަށް ތިހުންނަނީ، އަސުރަށް ގޮވަންވެސް ކައިރިވަނީ، މަންމަ އާއިއެކު ދެކުދިންވެސް ވާނެ ނަމާދަށް އަރަން” ދާރާ ހަމަޖެހޭގޮތް ދައްކަމުން ބަތީލު ގޮވައިގެން ކޮޓަރިން ނުކުތެވެ. ބަލްމާވެސް އެމީހުންގެ ފަހަތުން ނުކުމެގެން ދިޔައެވެ.

އަސުރު ވަގުތެވެ. ދާރާ ކިޔާވަރުން ބަތީލު ނަމާދަށް އަރަން ތައްޔާރުވަމުންދިޔައެވެ. އޭނާ އެއްގޮތަކަށްވެސް ޤުރުއާން ކިޔަވާ ނަމާދު ކުރާހިތެއް ނުވެއެވެ. ކީއްވެކަމެއްވެސް ނޭނގެއެވެ. އަބަދު ގޭތެރޭގައި ޤުރުއާން ޖަހާފައި ހުންނާތީވެސް އޭނާގެ ބޮލުގައި ރިއްސައެވެ. ނަމާދު ވަގުތު ޖެހޭއިރު ނިދާފައި އޮތުމަކީވެސް މިހާރު ބަތީލުގެ އާދައަކަށް ވެއްޖެއެވެ. އެކަމާވެސް ދާރާ ހުންނަނީ ވަރަށް ހިތްހަމަ ނުޖެހިފައެވެ. ނަމަވެސް ކުރާނެ ކަމެއް އޭނާއަކަށް ނުވިސްނެއެވެ. ގަދަކަމުން ތަޅައިގަނެގެން ނަމާދަށް އަރުވާ ވަރަށްވުރެ ކުދިން މިހާރު ތިބީ ބޮޑެތިވެފައި ކަމުގައި ދާރާ ދެކެއެވެ.

ބަތީލު ނަމާދަށް އަރާ ހަޝަމަށް އަތްލުމާއިއެކުހެން ކުއްލިއަކަށް ހީވީ މީހަކު އޭނާގެ އަތް ހަޝަމުން ނައްޓުވާލިހެންނެވެ. އޭނާ އާއި ދާދި ގާތުގައި ހުރި ދާރާއަށްވެސް އެތަން ފެނުނެވެ. އެހެންނަމަވެސް ނަމާދަށް ހުރުމުން އޭނާ އިތުރު އެއްވެސް ކަމަކަށް ސަމާލުކަން ނުދީވޭތޯ ބެލިއެވެ.

“ދަރިފުޅު ނަމާދަށް ހުއްޓާ ކަމެއްވީތަ” ނަމާދުން އަވަދިވުމާއިއެކު ދާރާ، ބަތީލުގެ ގާތުން އެހިއެވެ.

“ހީވީ… ހީވީ މީހަކު އަތުގައި ހިފާ ދަމައިގަތްހެން” ޔަގީންނުވާ ކަހަލަގެ ގޮތަކަށް ބަތީލު ބުންޏެވެ. ދެންވެސް ދާރާ އެކަން ބޮޑު ކަމަކަށް ނުހަދާ ކޮންމެވެސް ވާހަކައަކުން ހަމަޖައްސާލައިފިއެވެ. އެހެނަސް އޭނާ ވަރަށް އަވަހަށް ކުދިންނާއި އެކަހެރި ވެލާފައި ސުލައިމާނަށް ގުޅިއެވެ. އަދި ބަތީލުގެ ވާހަކަ ކިޔައިދިނެވެ. ސުލައިމާނު ވަގުތުން އެގެއަށް އެބަދަން ކަމުގައި ބުންޏެވެ.

އަންބަރުގެ ގާތުގައި ދާރާ މިވާހަކަތައް ދެއްކުމުން އޭނާއަށްވެސް ވީ ދާރާއަށް ވީފަދަ ގޮތެކެވެ. ޖަވާބެއްނެތް ސުވާލު ތަކަކާއިގެން ހައިރާންވެފައި ހުރެވުނީއެވެ. ދެން ކުރެވުނީ ސުލައިމާނު އަންނާނެ އިރެއްގެ އިންތިޒާރެވެ. ދެމަފިރިން ހާސްވެފައި ތިބިކަން ކުދިންނަށް ނުދެއްކުމަށް އެމީހުން މަސައްކަތް ކުރިއެވެ.

ހާރޫނު ބެލި ބެލުމުން ލިބުނީ ރަނގަޅު ނަތީޖާއެއް ނޫނެވެ. އޭނާ ވަގުތުން މިންހާޖަށް ގުޅާފައި ކަންތައްތައް ވަރަށް ގޯސް ކަމުގައި ބުންޏެވެ.

“ކޮބާ، މިއޮތީ މަބުނި ދުވަސް އައިސްފަ، އޭރުވެސް އަހަރެން ބުނިންދޯ ތިވަރަށް އަންހެންކުދިން ގާތަށް ވަންނަމުން ނުދުވާށޭ، ބޮނޑިއެއް ލިބިދާނެޔޭ، ތިމާ ފޭހި އިލޮށިގަނޑު ތިއޮތީ ތިމާގެ ލޮލަށް ހެރިފަ” ހާރޫނު ހުރީ ވަރަށް ހިތްހަމަ ނުޖެހިފައެވެ.

“މަށަށް ލެކްޗަރު ނުދީ ވެގެން އުޅޭގޮތެއް ކިޔައިދީބަލަ، އަހަރެން ދަންތައް ތިކޮޅަށް، ރުފިޔާވެސް ދޭންވެފައެންނު ހުރީ، ހާރޫނު، އަހަރެން ކުރިންވެސް ކަލޭ ބުނި ވަރަކަށް ފައިސާ ދިނިން، މިފަހަރުވެސް ކަލޭ ބޭނުން އަގެއް ކިޔާ، އަހަރެން މިކަމުން ސަލާމަތްކޮށްދީބަލަ” މިންހާޖު ކަރުއެލުވާލައިގެން ހުރެ ބުންޏެވެ.

“އަހަރެން ކުރަން ބޭނުންނޫން ކަމަކަށް ކީއްކުރަން އަގުކިޔަނީކީ، އަހަރެން ބޭނުމެއްނޫން މިންހާޖުގެ ތިކުޅިގަނޑުގެ ތެރެއަށް ވަންނާކަށް، ކޮންމެވެސް އެހެން މީހަކު ހޯދައިގެން އަވަހަށް ތިކަމުން ކަލޭ ސަލާމަތްވޭ، އެހެންނޫނީ ރަށުތެރޭ މޮޔަގޮވަމުން ހިނގަންވެސް ޖެހިދާނެ، އަހަރެންވެސް ހޯދައިގެން ކަލެއެންނު ގުޅީ، އެހެންވީމަ އަވަހަށް މީހަކު ލިބޭތޯ ބަލާ، އިސްތިރިއަކީ ކޮންމެ ކޮންމެ މީހަކަށް އެކުރަންވާ ގޮތަށް ކުރެވޭނެ ކަމެއްނޫން، އަހަރެން ބުނާނެ ވާހަކައެއް ނެތް، ދެންވެސް އިސްލާހުވެބަލަ، ކަލޭ ރައްޓެހިވެގެން އުޅުނު ކުއްޖާ އާއި އަޅައިގަނެގެން އުޅުނު އެއްޗަށް ވަނީ ވަރަށް އަނިޔާވެފައި، އެޖިންނިއަށް އެއަންހެން ކުއްޖާ ދެއްކީވެސް ކަލޭ، އެހެންވެ މިހާރު އެއުޅެނީ ކަލޭގެ ދުވަސް ދުއްވާލަންވެގެން، އެސޮރަށް ލިބުނު އަނިޔާގެ ބަދަލު ހިފަން ދިމާކޮށްލާފައި އެހުރީ” ހާރޫން ކިޔައިދިނެވެ.

“ހެޔޮނުވާނެ، ހާރޫނު، އަހަރެން ސަލާމަތްކޮށްދީބަލަ، އެކަހަލަ އެއްވެސް ކަމެއް ކުރުވާކަށް ދެން ދުވަހަކުވެސް ހާރޫނު ގާތަކަށް ނުދާނަން، އެކަމަކު މިކަމުން އަހަރެން ސަލާމަތްކޮށްދީ” މިންހާޖަށް ފާޑަކަށް ރޮއެގަނެވުނެވެ. ސިކުނޑި ހާސްވިވަރުން ހީވީ ނާށިގަނޑު ތެރެއަށް ފަޅައިގެން ދާން އުޅުނު ހެންނެވެ. ހާރޫން އެއްގޮތަކަށްވެސް އޭނާއަށް އެހީވާން އެއްބަހެއް ނުވިއެވެ. ދެން ހިތަށް އެރީ ބަތީލުގެ މަތިންނެވެ.

“އެހެންވީމަ ހާރޫނު އެބުނާ އަންހެން ކުއްޖަކީ އެވާނީ ބަތީލު ކަމަށް، އެގެއަށް އެންމެ ފަހުން ގޮސްފައި އައިފަހުން މިކަމެއް ލައިގަނެގެން މިއުޅެނީ” މިންހާޖު ހިތާ ހިތުން ބުނެލިއެވެ. އަދި މިކަމަށް ހައްލެއް ހޯދަން ދާންވީ ކާކު ކައިރިއަށްކަންވެސް އެވަގުތު އޭނާގެ ވިސްނުމަށް އައެވެ. ވަގުތުން އަތުކުރީގައި އޮތް ގަޑިއަށް ބަލާލިއެވެ.

ފަސްގަނޑި ބައިވަނިކޮށް ސުލައިމާނު އައިސް އަންބަރުމެންގެއަށް ވަނެވެ. ބޮޑު ފިކުރެއްގައި ހުރެގެން އައިސް ވަންކަހަލައެވެ. އެހެންނަމަވެސް ގޭތެރެއަށް ވަދެވުމާއިއެކު އޭނާގެ ސަމާސާ ވާހަކަތައް ފެށިއެވެ. ކުރަން އައި ކަމާއި ހަމައަށް ދެވުނީ އިރުވެސް އޮއްސުނު ފަހުންނެވެ. އިޝާ ނަމާދުކޮށްލައިގެން ސުލައިމާނު ހިފައިގެން އައި ކަރުދާސްކޮޅުތައް ބަންދުކުރުމުގެ މަސައްކަތް ފެށިއެވެ. އަދި ބޭނުންވާ ވަރަށް ކަރުދާސްކޮޅުތައް ފަތްޖެހުމަށްފަހު ކޮތަޅު ބޭރުން އޮޅާ، އަތުން އޮޅާފައި ހުރި ރޮދިން ތަވީދެއް ގޮތަށް ތައްޔާރުކުރިއެވެ. ބަތީލު ގެނެސް ކިޔަވާފައި ސުލައިމާނު ހެދި ތަވީދު އޭނާގެ އުނުގައި އަޅުވައިފިއެވެ.

“ދައްތާ، އަނެއްކާވެސް މާކޮޅެއް ހޯދާލަންވެއްޖެ، އެކަމަކު މިފަހަރު ހޯދާނީ އުނިމާ” ސުލައިމާނު ސޯފާގައި ހަމަޖެހިލަމުން ބުންޏެވެ.

“އުނިމަލޭ، ކޮންތާކުން އުނިމާ ހޯދާނީ” އަންބަރު ބުންޏެވެ. އެހިނދު ސުލައިމާނު ރަށުގެ އުތުރުފަރާތު ކުޅިއާއި ދިމާލުގައި އުނިގަސްތަކެއް ހުރިކަމުގައި ބުންޏެވެ. އެހެންނަމަވެސް އަންބަރުގެ މޫނުމަތިން ހާސްކަން ފެނިގެން ދިޔައީ، ސުލައިމާނު އެބުނަނީ މީހެއްގެ ހިލަމެއްވެސް ނުވާ ހިސާބެއްގެ ވާހަކަވީމައެވެ. އެސަރަހައްދުގައި މުޅިން އޮންނާނީ ވަލެވެ.

“އަހަންނާއިއެކު ދާންވީނު މާދަމާ އެކަން ކޮށްލައިގެން މިގެއަށް އަންނަން” އަންބަރު މިހެން ބުނުމުން ސުލައިމާނު އެންމެ ފުރަތަމަވެސް ފެށީ ދިމާކުރާށެވެ. އެއަށްފަހު އެކަމާ އެއްބަސްވިއެވެ. އެވަގުތު ދާރާ، ބަތީލު ހޮޑުލާ ވާހަކަ ބުންޏެވެ. އެއީ ކޮންކަމާ ގުޅުން ހުރި ކަމެއްތޯ ދާރާ އެހިއެވެ. އޭނާގެ ވިސްނުމަށް އައީ ވަރަށް ތަފާތު ޚިޔާލެކެވެ. ޖިންނި އެއްޗިއްސަށް އިންސާނުން ބަލިވެ އިންނަ ވާހަކަ މީހުން ދައްކާތީ އޭނާވެސް އަޑުއަހާވިއްޔާއެވެ. އެހެންވެ ވިސްނޭނީވެސް އެފަދަ ގޮތަކަށް ނޫންހެއްޔެވެ. ސުލައިމާޏު އެކަމާވެސް ޖަހާލީ އާދައިގެ ހިނިގަނޑެކެވެ. އެއީ މާބޮޑުކަމެއް ނޫނޭ ބުނާ ކަހަލަގެ ގޮތަކަށެވެ.

“ކީއްވެތަ އެއްޗެކޭ ނުބުނީ” މިންހާޖު އެހިއެވެ.

“މިންހާޖަށް އަހަންނަށް ގުޅަން ކެރުނުކަން، ބައްތުއަކީ މަގޭ ކޮއްކޮއޭ، ކަލޭ އަހަރުމެން ދެމީހުންނަށް ސިހުރު ހެދީ، އަހަރެންގެ ދުވަހަކުވެސް މާފެއް ނުކުރާނަން، އަދިވެސް ބައްތު އެއުޅެނީ އެކަމުން ސަލާމަތް ނުވެވިގެން، އަހަރެން ބޭނުމެއްނޫން ކޮންމެހެން ކަލެއާއި ވާހަކަ ދައްކާކަށް، ލަދެއްވެސް ނުގަނެއޭ ގުޅާފަ ކަންތަކު ކިޔާކަށް، ދެން އަހަންނަށް ގުޅަން މަސައްކަތްކޮށްފިއްޔާ މަންމަމެން ގާތު ބުނާނަން ކަލޭގެ ވާހަކަ” ބަލްމާ ރުޅި އައިސްފައި ހުރެ ފޯނުން ވާހަކަދެއްކިއެވެ.

“ހެޔޮނުވާނެ ބެލް، އަހަރެން ނުބުނަން ބެލް ގާތު އަހަންނަށް މާފު ކުރާށޭ، އެކަމަކު އަހަރެން ކުރި ކަންތަކުގެ ތަޒާ އަހަންނަށް މިދަނީ ލިބެމުން، މިކަން ކޮށްދީފިއްޔާ އަހަރެން ތިޔައިގެ ދެބެންނާ ވައިވެސް ނޭޅޭނަން، ބައްތު ރަނގަޅު ކުރަން ތިގެއަށް އައި މީހާގެ ނަންބަރު އަހަންނަށް ދީބަލަ، ޕްލީޒް، އަދޭސް މިކުރަނީ، އަހަރެން ކޮންމެހެން ބެލްއަށް އުނދަގޫ ކުރާކަށް ނޫން މިގުޅަނީ، އެކަމަކު އަހަރެންގެ އަމިއްލަ ފުރާނަ ސަލާމަތްކުރަންވެގެން، އަހަންނަށް ލިބެމުން މިދާ ވޭން ކުޑަކުރަންވެގެން، އެހެންނޫނީ ހަމަތެދަށް މިބުނަނީ ، އަހަރެން މަރުވެދާނެ، ބެލް ޕްލީޒް، އެމީހާ އާއި ގުޅޭނޭ ގޮތެއް ނޫނީ ބައްދަލު ވާނޭ ގޮތެއް ބުނެބަލަ” މިންހާޖަށް ރޮވެނީއެވެ. ރުޅިގަދަވެފައި ހުރި ބަލްމާގެ ހިތަށްވެސް އަސަރުކުރީ އެހެންވެއެވެ.

“ހޫން ދެން ހެވޭ، އޭނާއަށް ކިޔަނީ ސުލައިމާނު، އެއީ އަހަރުމެންގެ ބޭބެއެއް، އޭނާ އެބައުޅޭ މިގޭގަ މިހާރު، އިރުކޮޅަކުން އޭނާ މިގެއިން ނުކުންނާނެ، ބައްދަލު ކުރަން ބޭނުމިއްޔާ މިގޭ ދޮށަށް އާދޭ، އޭނާގެ ނަންބަރެއް ނުލިބޭނެ” އެއްވެސް ވަރަކަށް މިންހާޖަށް ހެވެއް އެދޭކަށް ބަލްމާ ބޭނުމެއްނޫނެވެ. އެގެއަށް އަންނާށޭ ބުނީވެސް އޭނާއަށް އުނދަގޫ ކުރުމުގެ ގޮތުންނެވެ.

ބަލްމާގެ އަޑުގައި ހުރި ހަރުކަށިކަމާއިއެކު މިންހާޖަށް އޭނާ ބޭނުން ކަމެއް ނުވާނެކަން އެނގުނެވެ. އެހެންވެ އޭނާއަށް އޮތް ހަމައެކަނި ގޮތަކީ އެގޭ ދޮށަށް ދިއުމެވެ. އޭނާ ހަމަ ރަނގަޅަށްވެސް ބޭޒާރުވެއްޖެކަން މިހާރު ގައިމުވެއްޖެއެވެ. އެހެންވެ ބަތީލުގެ ޢާއިލާ އާއި ކުރިމަތި ލުމަކީވެސް ބޭކާރު ކަމެކެވެ. އެމީހުން ތިބޭނީ މިންހާޖުދެކެ ވަރަށް ރުޅި އައިސްފައިކަން ބަލްމާގެ ވާހަކައިން އެނގެއެވެ. ނަމަވެސް އޭނާގެ ހާލާމެދު އަމިއްލައަށް ވިސްނާލެވުމުން މިއަދު އެނޫން ގޮތެއް ނެތްކަން ވިސްނުނެވެ. ކޮންމެ ހާލެއްގައިވެސް ބަތީލުމެންގޭ ދޮށަށް އޭނާ މިރޭ ދާންބޭނުމެވެ. މިންހާޖުގެ ހަނދާނަށް އައީ ހާރޫނު އޭނާއަށް ހަށިރައްކަލަކަށް ކުރާނެ ކަމެއް ކިޔައިދިން ހަނދާނެވެ. އެކަމަކު އެއީ ދާއިމީ ޚައްލެ ނޫން ކަމެވެ. ހާރޫނު އޭނާއަށް އެކަން ކުރާނެ ގޮތް ކިޔައިދިނީ އަންހެން ކުދިންނަށް ކަންކަން ކުރަން ދާއިރު އޭނާގެ ހަށިރައްކަލަށް ކަމެއް ކުރުން މުހިންމުވާތީއެވެ.

މިވަގުތަށް މުހިންމު ހެން ހީވާ ހުރިހާ ކަމެއް ސުލައިމާނު ކުރިއެވެ. އެހެންނަމަވެސް އަދިވެސް ހުރިހާ ކަމެއް ރަނގަޅު ނޫންކަން ޚުދު އޭނާއަށްވެސް އެނގެއެވެ. އިތުރަށް ކުރަންވީ ކަމެއް އެނގޭނީ ކަންތައްތައް ވާގޮތަކުންނެވެ. އެކަން ސުލައިމާނު، ދާރާގެ ޢާއިލާއަކަށް ނާންގައެވެ. ވަގުތީ ހިތްހަމަޖެހުމަކާއިގެން ދާރާ އޭނާގެ ކުދިން ގޮވައިގެން ނަމާދަށް ކޮޓަރިއަށް ދިޔައެވެ. އެވަގުތު ސުލައިމާނުވެސް ނުކުތީ ބޭރަށެވެ. އަންބަރު އޭނާއަށްވުރެ ކުރިން ނަމާދަށް ދާން ނުކުމެއްޖެއެވެ. ޖަމާއަތުގައި ލައްވާ ނުލާ ފާނެއޭ ހިތާއެވެ.

ރޭގަނޑުގެ ކެއުމުގައި ބައިވެރިވުމަށްފަހު ވަރަށް އަވަހަށް ސުލައިމާނު އޭނާގެ ގޭދޮށަށް ދިއުމަށް ދާރާމެންގެއިން ނުކުމެއްޖެއެވެ. އެގޭ ގޭޓުން ނުކުމެވުމާއިއެކު ދުރުގައި ހުރި ޒުވާނަކު ސުލައިމާނުގެ ލޮލުގައި އަޅައިގަތެވެ. އަދި އޭނާގެ ބޮލުގައި ރިއްސާލީ ނުބައެއް އުޅޭކަމުގެ އަލާމާތެއްގެ ގޮތުންނެވެ. އަޅާވެސް ނުލާ ކުރިއަށް ހުރެ ހިނގަމުން ދިޔައެވެ. އެއްކަލަ ޒުވާނާ އައިސް ސުލައިމާނާއި އަރާ ހަމަކޮށްފިއެވެ. ދެންވެސް ސުލައިމާނު އަނގައިންނެއް ނުބުންޏެވެ.

“އަހަންނަށް ކިޔަނީ މިންހާޖު، ވަރަށް ބޮޑު ކަމަކު ކިޔަންވެގެން، ބައްދަލުކޮށްލަން ބޭނުން” ސުލައިމާނާއި އެއްވަރަށް ހިނގަމުން ދިޔަ މިންހާޖު ބުންޏެވެ. އޭރުވެސް އޭނާ ހުންނަނީ ފާޑަކަށް ސިހިސިހިއެވެ. ވެގެން އުޅޭގޮތް ކޮންމެވެސް ވަރަކަށް ސުލައިމާނަށް އެނގުނެވެ. އަނދިރީގެ ތެރޭގައި ބޯނިވާކޮށްފައި ހުރި ޓީޝާޓުގައި މިންހާޖުގެ މޫނު ސުލައިމާނަށް ފެންނަނީ ވަރަށް ކުޑަކޮށެވެ.

“އަހަންނަށް އެނގޭ ތީ ކާކުކަން، މިވަގުތު އަހަންނާ ބައްދަލު ނުކޮށް ގެއަށް ދޭ” ސުލައިމާނު މިހެން ބުނިއިރުވެސް އޭނާގެ ހިތަށްއެރީ، މިންހާޖު ބޭރަށް ނުކުމެ އެއުޅެނީ އޭނާއަށް ދިމާވެފައި ހުރި ކަންތައް ނޭނގިގެން ބާއެވެ. ކަމުގެ ބޮޑުކަމުން ޚުދު ސުލައިމާނަށްވެސް ދެފަރާތަށް ބޯހޫރާލެވުނެވެ. އަދި ކުރިއަށްވުރެ ހިނގުން އަވަސްކޮށްލިއެވެ. ނަމަވސް މިންހާޖު އޭނާގެ ފަހަތުން ހުރެ އާދޭސް ކުރަމުން އާދެއެވެ. ސުލައިމާނު ހަމަ އެއްވެސް އެއްޗެއް ނުބުނެ ހުރެ އައިސް އޭނާގެ ގެއަށް ވަދެއްޖެއެވެ. ލިބުނު ނާކާމިޔާބުން ކަރު އެލުވާލައިގެން ހުރި މިންހާޖު ގޭގެ ނަންބޯޑަށް ބަލާލިއެވެ. އަދި ގެ ހުރި ހިސާބު ރަނގަޅަށް ފާހަގަކޮށްލުމަށްފަހު އެނބުރި އޭނާގެ ގެއަށް ދިއުމަށް ހިނގައިގަތެވެ. ގެއަށް ވަދެވެންދެންވެސް މިރޭ އޭނާގެ ގައިގާ ނުފެންނަ އަތަކުން ބޮނޑިއެއް ނާޅާއެވެ. އެހެންވެ ހާރޫންގެ ފަރާތުން މިފަހަރުވެސް ފައިދާއެއްވެއްޖެކަން ޔަގީނެވެ.

ނިދަން އުޅެ އުޅެ އެއްގޮތަކަށްވެސް ބަތީލަށް ނިދޭ ގޮތެއް ނުވިއެވެ. ބުނެދޭން ނޭނގޭ އުނދަގޫތަކެއް ވަނީއެވެ. ދެކޮޅަށް ފުރޮޅިލަ ފުރޮޅިލާ އޮއްވައި ގާތަގައި އޮތް ބަލްމާވެސް ނިދައިފިއެވެ. މުޅި ކޮޓަރިވަނީ ހިމޭންވެފައެވެ. ފަންކާގެ ފިޔަތަކުގައި ވައިއަޅާއަޑު ނޫން އަޑެއް ނީވެއެވެ. އެހެންނަމަވެސް ގިނައިރެއްނުވެ ބަތީލުގެ ސިކުނޑީގައި އެހެން އަޑެއް ހަރުލަން ފަށައިފިއެވެ. އުނުގައި ތަވީދު ޖެހޭ ހިސާބު ހިރުވާހެންވެސް ހީވެއެވެ. ދެތިން ފަހަރަށް ލައިގެން އޮތް ޓީޝާޓު ކުޑަކޮށް މައްޗަށް ހިއްލާލުމާއިއެކު ތަވީދުގައި އަތްހާކާލައިފިއެވެ. ތަވީދު ކުޑަކޮށް އެއްފަރާތަކަށް އަނބުރާލީ އެވަގުތު ކުރެވެމުން ދިޔަ އުނދަގޫތަކަށް ހައްލެއް ލިބޭތޯއެވެ. ހީކުރިގޮތަކަށް އެއްވެސް ކަމެއް ނުވެއެވެ. ވަރުބަލިވެ ނުނިދެން ފެށުމުން ބަތީލުގެ ބޮލުގައި ރިއްސަންވެސް ފަށައިފިއެވެ. ކުރީގައި ވާގޮތަށް ބަތީލުގެ ބަނޑު ފުއްޕަންވެސް އުޅެއެވެ. އެކަމަކު ކުޑަކޮށް ފުފިލާއިރަށް ތަވީދުގައި ޖެހި ބަނޑު ހިނދެއެވެ. ދެންހީވަނީ ބަނޑުތެރޭ އެއްޗެއް ދުވާހެނެވެ. ބައެއްފަހަރު ތަންތަންކޮޅުން އުފުލި ހަދައެވެ. ބަތީލު ބަނޑުގައި ދެއަތުން ހިފަހައްޓައިލައިގެން ކުރުގެޅިލައިގެން އޮތެވެ. ހަދަންވީގޮތެއް ނޭނގިފައެވެ.

ފަތިސްވީވެސް އެހާލުގައި ބަތީލު އޮއްވައެވެ. އަންބަރު ފަތިސް ނަމާދަށް ދިއުމަށް ކޮޓަރިން ނުކުތުމާއިއެކު ބަތީލުވެސް އެނދުން ތެދުވީ ދާރާ އައިސް ނަމާދަށް އަރަން ގޮވާނެކަން އެނގޭތީއެވެ. އޭރު ފާޚާނާގައި އުޅުނު ދާރާވެސް ވުޟޫކޮށްލައިގެން ނުކުމެއްޖެއެވެ. އޭނާއަށް އެނދުގައި ތެދުވެ އިށީނދެލައިގެން އިން ބަތީލު ފެނުމުން ހިތްހަމަޖެހުނެވެ.

“އަވަހަށް ދޭ ފާޚާނާއަށްވަދެ ދަތްއުނގުޅާ، މޫނު ދޮވެގެން ވުޟޫކޮށްލައިގެން ނުކުންނަން” ދާރާ މައިވަންތަ ކުލުނާއިއެކު ބުންޏެވެ. ވަރުބަލި ކަމާއިއެކު ތެދުވެގެން ބަލީތު ފާޚާނާ އާއި ދިމާލަށް ދިއުމަށް ދާރާގެ ހުރަސް ކެނޑުމާއިއެކު އޭނާ ވަރަށް ކަންބޮޑުވެފައި ބަތީލަށް ގޮވާލައިފިއެވެ. ދެން ފެނުނީ އަވަސް އަވަހަށް އައިސް ބަތީލު ނިދަން ގައިމަތީ އެޅި ފޮތިގަނޑު ނެގިތަނެވެ. އެވަގުތު ބަތީލުވެސް ދިޔައީ ސިއްސައިގެންނެވެ. ތަންމަތިވަނީ ރަތްކުލައިގެ ލެއިން ފޯވެފައެވެ. ދެލޯބޮޑުކޮށްގެން ބަލަހައްޓައިގެން ހުރުން ފިޔަވާ ބަތީލަށް އެއްވެސް ކަމެއް ނުކުރެވުނެވެ. ދާރާ އަވަސް އަވަހަށް ބަލްމާއަށް ގޮވާ ނެގިއެވެ. އަދި ބަތީލު ގެންގޮސް ފާޚާނާއަށް ވައްދާފައި ތާޙިރުވުމަށް ބުންޏެވެ. ބަލްމާއަށްވެސް އެނދުމަތި ފެނުމާއިއެކު އޭނާގެ ލޮލުން ނިދިފިލާ ހިނގައްޖެއެވެ.

“ކޮއްކޮ ފާޚާނާއިން ނުކުންނަންދެން ބަލްމާ ފާޚާނާ ކައިރީ މަޑުކޮށްލައިގެން ހުރޭ، ކޮއްކޮ ގާތު ބުނާތި ދޮރުތަޅުނުލައްޗޭ” ދާރާ އަވަސް އަވަހަށް އެނދުގެ ތަންމަތި ނަގާ އޮޅާލައިފައި އެއްފަރާތްކޮށްލިއެވެ. އަދި ގަޑިއަށް ބަލާލަމުން ނަމާދު ވަގުތު ފަހަނަ އަޅާ ހިނގައިދާނެތީވެ ފުރަތަމަ ނިންމީ ނަމާދުކުރުމަށެވެ. އެއަށްފަހު އެނދުމަތި ސާފު ކުރުމަށެވެ. އޭރުވެސް ދާރާގެ ސިކުނޑީގައި ނުބައި ޚިޔާލުތަކެއް އުފެދެމުން ދިޔައެވެ. ހިތާ ހިތާ މިއީ ނިމުމެއްނެތް ކަމެކޭ ބުނެލެވުނެވެ. ކަންބޮޑުވުމާއިއެކު ފާޚާނާ ކައިރީ ހުރި ބަލްމާ އަށް ބަލާލަމުން އައިސް މުއްސަލަ ފަތުރާލައިފިއެވެ.

މެންދުރުވެގެން އައިއިރު ބަތީލުގެ ޚާލު ވަރަށް ދެރައެވެ. އެކުއްޖާގެ ގައިން ލޭފައިބަނީ އާދައިގެ ގޮތަކަށް ނޫނެވެ. މުޅި ކުއްޖާ ހުދުވާން ފަށައިފިއެވެ. ރޭސުރެން ބަތީލު އެހުރީ ނުނިދައެވެ. އެހުރިހާ ކަމަކަށްވުރެ ބޮޑަށް އެހެން މީހުން ހައިރާންކުރުވީ ބަތީލު ކާވަރު ފެނިފައެވެ. މިކަމެއް ޖެހުނު ފަހުން ކެއުމާއި ވަރަށް ދުރެވެ. އެހެންނަމަވެސް މިއަދު އޭނާ ކަނީ ވަކި ހައްދެއް ނެތިއެވެ. ނުބައި އެއްވެސް އެއްޗެއް ނެތެވެ. މެންދުރުފަސްވެ ތިނެއްޖަހަންވިއިރު ބަތީލަށް ކޮޅަށް ނުހުރެވޭގޮތްވެ އޮށޯންނަން ޖެހުނެވެ. ދެންވެސް އޭނާ ދާރާގެ ގާތުން އެދެނީ ކާނެ އެއްޗެއް ނޫނީ ބޯލާނެ ފެންތައްޓެއްވިޔަސް ގެނެސް ދިނުމަށެވެ. ފާޑަކަށް ބިރުގެންފައި ހުރި ދާރާ ޖޫސްތައްޓެއް ގެނެސް އެނދުގައި އޮތް ބަތީލުގެ ތުނބުގައި ޖައްސައިފިއެވެ. އެކުއްޖާ ނޭވާއަކަށްވެސް ނުހުއްޓި ޖޫސްތަށި ބޯލާ ހުސްކޮށްލައިފިއެވެ.

“ދާރާ، އާދެބަލަ” އަންބަރު ކޮޓަރީގެ ދޮރުމަތީ ހުރެ ގޮވާލިއެވެ. އެއާއިއެކު ދާރާ، ބަލްމާ ގާތު ބަތީލުގެ ގާތުގައި މަޑުކުރުމަށް ބުނަމުން ކޮޓަރިން ނުކުތެވެ.

“ބިންޏާ އެގުޅީ، މިކޮޅަށް އަންނަން އެއުޅެނީ، އެވެސް އަންހެން ދަރިއެއް، މިކަމުގެ ތެރެއަށް އާދެވިއްޖެއްޔާ އޭނާއަށް ވާނީ ކިހިނެއްބާއޭ މިހިތަށް އަރަނީ، އެކަމަކު މިނޫންތަނެއްވެސް ނެތެންނު އެކުއްޖާ އަންނާކަށް، އެވެސް އަހަރުމެންގެ ދަރިއެއްވިއްޔަ، އަނެއްކާ މިހާރު އާކަމެއް ބަތީލަށް ކުރިމަތި އެވަނީ، އަހަންނަކަށް ނުފެނޭ ދެން އިތުރަށް މިގޭގަ އޭނަ ބާއްވާކަށް…” އަންބަރުގެ ޖުމްލަ ނުނިމެނިސް ދާރާ ވާހަކަ ދައްކަން ފެށީ ވަރަށް ރުޅި އައިސްފައި ހުރެއެވެ.

“އަންބަރަށް ތިކިޔޭ އެއްޗެއް އެނގޭތަ، އެއީ އަހަރުމެންގެ އެންމެ ހަގުދަރިފުޅޭ، އެހާލުގައި މިގޭގަ ނޫން ކޮންތަނެއްގަތަ އެކުއްޖާ ބާއްވާނީ، އަހަރެން މިގޭގަ ހުރިހާ ދުވަހަކު އެކުއްޖާ އޮންނާނީ އަހަރެންގެ ގާތުގަ، ބިންޏާވެސް މިގެއަށް އަންނާނީ، އޭނާވެސް ޖެހޭނީ މިގެންވެގެން އުޅޭ ކަންތައް ޤަބޫލު ކުރަން” ދާރާ ބުންޏެވެ.

“ދާރާ، ރުޅި ނާދެބަލަ، އަހަރެން ބުނަން މިއުޅެނީ ތިޔަހެނެއް ނޫނޭ، އަހަރެން ބޭނުމެއްނުވެޔޭ ބަތީލު ވާނޭގޮތެއްވާން ދޫކޮއްލާފައި ގޭގައި މިހެން އަނގަމައްޗަށް ޖަހައިގެން ތިބޭކަށް، ހިނގާށޭ އެކުއްޖާ ހޮސްޕިޓަލަށް ގެންދަން، އެކުއްޖާ މިހާރު އޮންނަ ގޮތުން ހީވަނީ ހަށިގަނޑުން ލޭމަދުވަނީހެން، ސުލައިމާނު އަންނަންދެން މަޑުކުރުމުގެ ބަދަލުގައި ހޮސްޕިޓަލަށް ގެންދަން އަހަންނަށް ފެންނަނީ، އެހެންނޫނަސް މިހާރު ސުލައިމާނު ލައްވާ ކަންތައް ކުރެވިއްޖެ އެންނު، ދުވަހަކު މިކަން ނިމުމަކަށް އަންނަ ގޮތެއް ނުވޭ، އަހަންނަށް ފެންނަނީ ހުސޭނުގެ ދަރިއަށް ގުޅަން، އެކުދިން ބުންޏެންނު މިކަހަލަ ކަންތައްތައް ދީނުގައި އޮންނަ ގޮތަށް ކޮށްދޭ ބަޔަކު އުޅެޔޭ، އޭރުން ތަވީދުތަކެއްވެސް އަޅާކަށް ނުޖެހޭނެއެންނު، އަނެއްކާ އަހަރެންވެސް އެހާ ހިތްހަމައެއް ނުޖެހޭ ގޭތެރޭގަ އެއްޗެހި ހަރުކުރާކަށް އަދި އެކުދިންގެ ގައިގާ ތަވީދު އަޅުވާކަށްވެސް، ސުލައިމާނު އަގެއް ނުކިޔަސް އަހަރުމެން ހިލެއެއްނޫން ދޯ އޭނާ ލައްވާ ކަންތައް މިކުރުވަނީކީ، ބައެއް ފަހަރު ހިތަށް އަރާ އޭނާ ހިތްހަމަޖޭވަރަށް ފައިސާ ލިބުނީމަ ބާއޭ މިކަން ރަނގަޅުކޮށްދޭނީ” އަންބަރުގެ ޚިޔާލު ހުރިގޮތް ކިޔާދިނެވެ.

“އެކަމަކު ސުލައިމާނު ބުނެފައެންނު އޮތީ އެހަށް ގެއިން ބޭރަށް ނުނެރޭށޭ، ދެން ކިހިނެއް ހޮސްޕިޓަލަށް ގެންދާނީ، އަޅެ އަންބަރަށް ފެންނަ ގޮތަށް ކަންތައްކޮށްބަލަ، އަދަންއަށް ގުޅޭތޯ ބަލާބަލަ، ނިކަން އަވަހަށް މިކަން ކޮށްދޭނެ މީހަކު ހޯދަދޭށޭ ބުނޭ، ދެން އަހަރެން ބުނެފާނަން މިހާރު ބަތީލު ރަނގަޅޭ، އޭރުން އިތުރަށް ސުލައިމާނު ގެންނާކަށް ނުޖެހޭނެ އެންނު ދޯ” ދާރާ ވިސްނާލަން އިރުކޮޅަކު ހުރެފައި ބުންޏެވެ. އަންބަރުވެސް ދާރާއަށް ބަލަންހުރެފައި ބޯޖަހާލިއެވެ. އަދި ޖީބުގައި އޮތް ފޯނު ނަގާ އަދަން އާއި ގުޅަން މަސައްކަތްކުރިއެވެ.

ބަތީލު އަންގައިން ނުބުނެ އެއްދިމާލަކަށް ހުއްޓިފައި އޮންނަން ފެށުމުން ބަލްމާ އޭނާގެ ކޮނޑުގައި މަޑުމަޑުން އަތްޖައްސާލަމުން ތަޅުވާލާފައި ގޮވާލިއެވެ. ނަމަވެސް އެއްވެސް ޚަބަރެއް ނުވިއެވެ. ބަލްމާ ބިރުން އިނދެ ބަތީލުގެ ނޭފަތް ކައިރިއަށް އިނގިއްޏެއް ކައިރިކޮށްލީ ނޭވާލާތޯ ބެލުމަށެވެ. އެވަގުތު ކުއްލިއަކަށް ބަތީލު، ބަލްމާއަށް ބަލާލަމުން ފުންމައިގަތެވެ. ބިރުން އިން ބަލްމާ ސިހިފައި އެނދުން ތެދުވެ ފަހަތަށް ޖެހުނެވެ. އެހިނދު ބަތީލު ނުބައި ގޮތަކަށް ހޭންފެށިއެވެ. ހީވަނީ ބަލްމާ ބިރުގަންނަވާ ލެވުމުން އޭނައަށް ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް ލިބިގެން ދިޔަހެނެވެ. ވަރުދެރަވެގެން ނުތެދުވެވިފައި އޮތް ބަތީލު ދެން ފެނުނީ ފުންމައިގެން އެނދުމައްޗަށް ތެދުވިތަނެވެ. ހަދާނެގޮތެއް ނޭނގިފައި ހުރި ބަލްމާ އަވަސް އަވަހަށް ދާރާއަށް ގޮވިއެވެ. ކުއްލިއަކަށް ބަތީލަށް މިވީ ކިހިނެއްކަމެއް ނޭނގުނެވެ. ދާރާ އައިސް ކޮޓަރިއަށް ވަންއިރުވެސް ބަތީލު ހުރީ އެނދުމަތީގައެވެ. ފާޑަކަށް ހުރެގެން ހެނީއެވެ.

­­ދާރާ އައިގޮތަށް އައިސް ބަތީލުގެ އަތުގައި ހިފައިފިއެވެ. އަދި ކިހިނެއްވީތޯ ސުވާލު ކުރަމުން އެނދުމަތިން ފޭބުމަށް ބުންޏެވެ. ދެންވެސް ބަތީލު ހިނިއައިސްފައި ހުރެ ދެފަރާތަށް ބޯހޫރާލިއެވެ.­­

“ދަރިފުޅު ކިހިނެއްތަ ތިއުޅެނީ، މިހާރު މަންމަ ބުނީމަ އަޑުވެސް ނާހަންތައް ތިއުޅެނީ، ދެން އަވަހަށް ފައިބާ އެނދުން، ހިނގާބަލަ މަންމަ އާއިއެކު ސިޓިން ރޫމަށް ދާން، އާދެބަލަ” ދާރާ ރުޅިނައިސް ބަތީލު ހައްދައިގެން ގެންދެވޭތޯ މަސައްކަތް ކުރިއެވެ. އެހެން ބުނުމުންވެސް ބަތީލު ހިނިއައިސްފައި އެނދުމަތީ ދެކޮޅަށް އެނބުރިލަ އެނބުރިލަ ހުއްޓެވެ. ދެން ހަދާނީ ކިހިނެއްކަމެއް ނޭނގިގެން އުޅެނިކޮށް ކުއްލިއަކަށް ބަތީލު އެނދުމަތިން ފުންމާލައިގެން ކޮޓަރިން ބޭރަށް ދުއްވައިގަނެއްޖެއެވެ. ނުވިސްނާ ހުރި ދާރާވެސް ދިޔައީ ސިއްސައިގެންނެވެ. ބަލްމާ އާއި ދާރާ އަށްވެސް ދުއްވައިގަނެވުނެވެ. ސިޓިން ރޫމުގައި އަންބަރު ހުރިކަން އެއީ ނަސީބެކެވެ. ބަތީލު ދުއްވައިގަތީ ބޭރަށް ނުކުންނާށެވެ. އަންބަރަށް އޭނާގެ ދަރިފުޅުގެ ގައިގާ ހިފެހެއްޓުނީ ކިރިޔާއެވެ.

“ބަތީލު، ދަރިފުޅު ކޮންތާކަށް ދާންތަ ތިދަނީ، ދުވެފަ ނުދިއަސް މަންމަ ގާތު ބުނަނިކޮށް އެތަނަކަށް ގެންގޮސްދީފާނަމޭ” ދާރާ އައިސް އަންބަރުގެ ގާތުގައި މަޑުކޮށްލަމުން ބުންޏެވެ. އެއާއިއެކު ބަތީލު ދެފަރާތަށް ބޯހޫރާލަމުން ދެލޯއަޅާލިއެވެ.

“އަހަރެން ބުނިއްޔާ ކަލޭމެން އަހަރެން ބޭނުންތަނަކަށް ފޮނުވާނެތަ، ނުފޮނުވާނެ، އަހަންނަށް އެނގެޔޭ އެކަން، އޭނާ ބުނީ މީ އަހަރެންގެ ގެއެއް ނޫނޯ، މިދަނީ އަހަރެންގެ ގެއަށް ދާން، ކަލޭމެން އުޅެނީ އަހަރެން މަރާލަންވެގެން، އަހަރެން ބަލާ އައިސް އެބަހުރި، އަހަރެން ގައިން ދޫކޮށްލާ، މިބުނީނު ދޫކޮށްލާށޭ، އެކަކުވެސް އަހަރެންގެ ގައިގަ އަތްލައިގެން ނުވާނެ، ދުރަށްދޭ” ބަތީލު ހިތްހަމަ ނުޖެހިފައި ހުރެ ބުނަމުން ދިޔައެވެ. އޭނާ ދައްކާ ވާހަކައެއް ހަމައެއް ނުޖެހެއެވެ. އެކަމަކު އެއީ ކީއްވެގެން ދައްކާ ވާހަކައެއްކަން ދާރާމެންނަށް އެނގެއެވެ.

“އަންބަރު، އަދަން އަށް ގުޅިއްޖެތަ” ދާރާ ކަންބޮޑުވެފައި އަހާލިއެވެ. އެހިނދު އަންބަރު މަޑުމަޑުން ބޯޖަހާލީ އާނއެކޭ ބުނުމަށެވެ.

“ކީކޭ ބުނީ” ދާރާ އިތުރަށް އޮޅުން ފިލުވަން ބޭނުންވިއެވެ.

“އެބަ ގުޅަމޯ ބުނީ، އަދި ނުވާނެ ގިނައިރެއް، އެސޮރު ބުނި ހަމަ މިހާރު މިބަލަނީއޭ މީހަކު ލިބޭތޯ، ކޮންމެ ގޮތަކުންވިޔަސް އޭނާގެ ޚަބަރެއް ވަންދެން އެހަށް މަޑުކޮށްލަން އަހަންނަށް ފެނޭ” ބަތީލުގެ ގައިގާ ހިފަހައްޓައިގެން ހުރެ އަންބަރު ބުންޏެވެ. ދާރާ އިތުރަށް އެއްޗެއް ނުބުނުމުން ދެން އުޅުނީ ބަތީލު ގެނެސް ސޯފާގައި ބޭންދޭތޯއެވެ.

އަދަން، އަންބަރަށް ގުޅިއިރުވެސް ބަތީލު އުޅެނީ ހިފިނުހުރެވިގެންނެވެ. އަނގަހުއްޓާނުލާ ކޮންމެވެސް އެއްޗެއް ހުންނަނީ ކިޔާލަ ކިޔާލަ އެވެ. ދޭތެރެއަކުން ނުފެންނަ މީހަކާދިމާލަށްވެސް އޭނާ އެއްޗެކޭ ބުނެއެވެ. ހީނހީނފައި އިރުކޮޅަކުން މޫނުމަތިން ދެރަވެފައި ހުރިހެންވެސް ހީވެދާނެއެވެ. ދާރާ އާއި ބަތީލު ވާހަކަދައްކާ ގޮތުން އޭނާއަށް އެއީ އޭނާގެ މަންމަކަން އެނގޭހެނެއްވެސް ހިޔެއް ނުވެއެވެ. އަންބަރު އަވަސް އަވަހަށް ފޯނު ހިފައިގެން ހިނގައިގަތީ ކޮޓަރި އާއި ދިމާލަށެވެ.

“އަދަން، ވަރަށް ސަކަރާތްވެގެން މިއުޅެނީ، މިހާރު މޮޔަވެސް ގޮވަނީ، ހުރީ ބޭރަށް ދާން ހިފާލާފަ، ކޮބާ، މީހަކު ލިބޭގޮތްވެއްޖެތަ” ހާސްވެފައި ހުރެ އަންބަރު ބުންޏެވެ.

“ބޭބޭ، އެކަމުގައި އަސްލު އުޅޭ މީހާ މިވަގުތު ރަށުގައިނެތް، ސޮބާހް ކިޔަނީ އޭނާއަށް، އޭނާ ވީ މިތާ ކައިރި ރަށަކަށް ކުއްޖަކު ރަނގަޅު ކުރަން ގޮސް، އޭނާ އާއި ބައްދަލު ނުވިޔަސް ފޯނުން ވާހަކަދެއްކޭ ގޮތްވި، އޭނާ ދިން އިތުރު ދެމީހެއްގެ ނަންބަރު، އެމީހުންނަށްވެސް ތިކަން ވާނެކަމަށް ބުނީ، އެހެންވެ އެތަނުން މީހަކަށް ގުޅާފަ ކިޔައިދީފިން، ބުނި މަޤްރިބު ނަމާދުކޮށްލައިގެން ތިގެއަށް ދާނެވާހަކަ، އެމީހާގެ ނަންބަރާއި ނަން ބޭބެގެ ފޯނަށް ފޮނުވާފަ އޮންނާނީ” އަދަން ބުންޏެވެ.

ސުލައިމާނު އަސުރު ނަމާދަށް ދާން ގެއިން ނުކުން އިރުވެސް މިންހާޖު އެގޭ ދޮށުގައި ހުއްޓެވެ. މޫނުމަތީ ބޭސްގަނޑެއް އަޅައިގެން ހުރުމުން ފުރަތަމަ އެއީ ކާކުކަން އެނގެން ސުލައިމާނަށް ވަގުތުކޮޅެއް ނެނގިއެވެ. މިސްކިތާއި ހަމައަށް ދެވެންދެންވެސް މިންހާޖު، ސުލައިމާނުގެ ގާތުން އެދެމުން އައީ އޭނާ ކުރިންވެސް އެދުނު ކަންތަކުގައެވެ. މިފަހަރުވެސް ސުލައިމާނު އޭނާއަށް ވަކި ޖަވާބެއް ނުދީ ނަމާދުކޮށްލައިގެން އެނބުރި ގެއަށް ދިޔައީއެވެ. އެންމެފަހުން މިންހާޖު ނިންމީ ސުލައިމާނު އާއި ބައްދަލު ކުރުމަށް އެގެއަށް ވަންނާށެވެ.

“ބަލްމާ، ކޮއްކޮއަށް ފެންފޮދެއް ގެނެސްދީބަލަ” އެތަށްއިރަކަށްފަހު ބަތީލު މައިތިރިވުމާއިއެކު އަނެއްކާވެސް ހަށިގަނޑުގެ ވަރުދޫވެގެން ދާރާގެ އަތުގެ ތެރެއަށް ވެއްޓިއްޖެއެވެ. ބަލްމާގެ އެހީގައި ބަތީލުގެ ދެފައި ނަގާ ސޯފާއަށް ލަމުން ދާރާގެ އުނގުގައި އޭނާ ބަތީލުގެ ބޯ ބާއްވާލިއެވެ. އަދި ދަރިފުޅުގެ ގައިގާ ހިފަހައްޓާލައިގެން އިނދެ ބަލްމާ ގެނައި ފެންތަށި ބަތީލުގެ ތުނބުގައި ޖައްސާ އޭގެން ފެންފޮދެއް ދެވޭތޯ އުޅުނެވެ.

އިރުއޮއްސެން އުޅުނު ވަގުތެވެ. ދާރާ ހުރީ އަންބަރުގެ ގާތުގައި ސިޓިން ރޫމުން ބޭރުގައެވެ. ގޯތިތެރެއަށް އަލިކުރުމަށް ހުރި ބޮކިތަކުން ބޮތްކެއް އަނދައިގެން، އަންބަރު ބޮކި ބަދަލު ކުރަން އުޅުނުތަން ބަލާށެވެ. އޭރު އަދަން ކިޔައިދިން ވާހަކަތައް ދާރާއަށް އަންބަރު ކިޔައިދީފިއެވެ. އެހެންވެ އެމީހުންވެސް ތިބީ އެބުނާ މީހަކު އަންނާނެ އިރެއްގެ އިންތިޒާރުގައެވެ. އެހެންނަމަވެސް އެމީހުން ތިބީ ބަތީލުގެ ހާލު ގޯސްވަމުން އަންނާތީ އެކަމާ ކަންބޮޑުވެފައެވެ. އިތުރު އެއްވެސް ކަމަކާ ވިސްނޭފަދަ ހާލެއްގައެއް ނޫނެވެ.

“މަންމާ، އަވަހަށް އާދެބަލަ” ކުއްލިއަކަށް އިވުނީ ބަލްމާގެ ހަޅޭކުގެ އަޑެވެ. ދާރާގެ މެޔަށް ހީވީ ފިނިފެން އެއްޗެއް އޮއްސާލި ހެނެވެ. ދެފަޔަށް ބާރުލާފައި އައިސް ގޭތެރެއަށް ވަންއިރު ސަހަރޯއޭ ހީވާވަރު ވިއެވެ. ބަތީލު ހުރީ ކަޓަރެއް ހިފައިގެން ހިނިއައިސްފައެވެ. ބަލްމާ ހުރީ ބަތީލުގެ ދާދި ގާތުގައި އޭނާގެ އުނުގައި އެއްއަތުން ހިފަހައްޓާލައިގެން އަނެއްއަތުން ކަޓަރު އޮތް އަތުގައި ހިފަހައްޓާލައިގެންނެވެ.

“އަންބަރު…” ދާރާއަށްވެސް ހަޅޭލަވައިގަނެވުނެވެ. އަދި އަވަސް އަވަހަށް އައިސް ބަތީލުގެ އަތުގައި އޮތް ކަޓަރު އަތުލައިފިއެވެ.

“މަންމާ، ބައްތު އެހުރީ ތަވީދު ކަނޑާލައިގެން” ދާރާ ގާތްވުމާއިއެކު ކުއްލިއަކަށް ބަލްމާ އެބުނި އެއްޗަކުން ދާރާގެ ހިތް ނުހުއްޓުނީ ކިރިޔާއެވެ. އަވަހަށް ބަތީލު ލައިގެން ހުރި ޓީޝާޓުކޮޅު މައްޗަށް ހިއްލާލަމުން ބަލާލިއިރު ތަވީދު އޮތީ ބުރިކޮށްލާފައެވެ. ބަތީލު ގަދަ ދައްކާކަށް ނޫޅެއެވެ. އެހެންނަމަވެސް އޭނާ ހުރީ ހިނިއައިސްފައެވެ. މަލާމާތުގެ ފާޑަކަށެވެ. ދުލަށް އައިހާ ހެޔޮ އެއްޗެއް ދާރާ ކިޔަން ފަށައިފިއެވެ. އަނެއްކޮޅުން އިރުއޮއްސެނީއެވެ. އުޑުމަތީގައި މިއަދު އެހެން ދުވަސް ދުވަހާއި ޚިލާފަށް ރަތްވިލާ ލާފައި އޮތުމުން އެއީވެސް ނުބައި ފާލެއް ކަމަށް ދާރާ ވަނީ އަންބަރުގެ ގާތުގައި ބުނެފައެވެ. ގޯތިތެރެ އަލިކުރުމަށް ހުރި ބޮކި އެނދުމުން އެހާ ވަރަކުން އެތަނުގައި އަންބަރު ލައްވާ ބޮތްކެއް ހަރުކުރުވީވެސް ކަމެއް ގޯސްކޮށް މިރޭ ހިނގާފާނެއޭ ދާރާގެ ހިތަށް އަރާވަރުންނެވެ.

“ކޮން ހުނުމެއްތަ މީނާ މިހެނީކީ، ބަލްމާ، ކޮންތާކުންތަ ކަޓަރެއް ހޯދީ، އޭރު ދަރިފުޅު ކޮބާތަ، މަންމަ ބުނީމެންނު ކޮއްކޮ ގާތުގައި އެހަށް މަޑުކޮށްލައިގެން އިންނާށޭ” ދާރާ، ބަތީލަށް ބަލާލާފައި ބަލްމާއަށް ބަލާލިއެވެ.

“އަހަރެން ދިޔައީ ފާޚާނާއަށޭ މަންމާ، ނުވާނެ ގިނައިރެއް، ބައްތު އޮތީ ކިހާ ވަރުދެރަވެފަތަ، ކިހިނެއްތަ އެނގޭނީ އޭނާ ފޭކު ޖައްސަނީ ނޫންކަމެއްވެސް، އެހާ ކުޑަކުޑަ ވަގުތުކޮޅެއްގައި އޭނާ އެއައީ އަހަރުމެންގެ ކޮޓަރިއަށް ވަދެފަ، ކަޓަރު އޮންނާނީ އަހަރުމެންގެ ގަލަންތައް އަޅާ ދަޅުގަ، މަންމާ، އަހަންނަށް ފެނުނީވެސް ބައްތު މިގޮތަށް މިތަނުގައި ހުއްޓާ” ބަލްމާ ހުރީ ވަރަށް ހައިރާންވެފައެވެ.

“މާތް ﷲ ދެނެވޮޑިގެން ވާނީ މިކުއްޖާއަށް މިވާގޮތެއް، މިކަމުން ސަލާމަތް ކުރައްވާނީ ކޮން ދުވަހަކުން ބާއޭ ހިތަށް އަރާ” ދާރާގެ ހިތަށް އަސަރުކުރިވަރުން ބުނެވުނެވެ. އަދި ބަތީލުގެ އުނުގައި އެލިފައި އޮތް ތަވީދުގެ ދެކޮޅު ގެނެސް ގޮއްޖަހަން އުޅުނެވެ. ބަތީލު ވަރުއަރުވާލީ ދެނެވެ. މީހާ ތެޅެންފެށިގޮތަށް ދާރާގެ ގައިގާ ތަޅައިގެންފިއެވެ. ބަލްމާ އަވަސް އަވަހަށް ބަތީލުގެ އަތުގައި ހިފެހެއްޓިއެވެ. އެވަގުތު އަންބަރު އައިސް ބަލްމާ ދުރުކޮށްލާފައި ބަތީލުގެ ދެއަތާއި އެކު މުޅި ގައިގާ ހިފަހައްޓާލައިފިއެވެ. ދެންވެސް ދާރާއަށް ތަވީދުގައި ގޮއްޖެހޭ ގޮތެއް ނުވިއެވެ. ބަތީލު ފައިން އަޅާ ކޮއްޕާލި ބޮނޑީގައި ދާރާ ފަހަތަށް ވެއްޓިއްޖެއެވެ. އެވަގުތު ބަލްމާ އައިސް ބަތީލުގެ ފައިކޮޅުގައި ބައްދައިގަނެއްޖެއެވެ. އެހާލުގައި ދާރާއަށް އައިސް ތަވީދު އައްސާލެވުނީ ކިރިޔާއެވެ. ބަތީލު ރުޅި އައިސްގެން ތެޅި ފޮޅެނީއެވެ. އެހެންވެ އޭނާގެ ގައިން ދޫކޮށްލާކަށް އެކަކަށްވެސް ނުކެރުނެވެ. ދެންއިވުނީ ދުވަހަކުވެސް ބަތީލުގެ ދުލުން އިވިފައި ނުވާ ބަސްތަކެކެވެ. އެންމެނާއި ދިމާލަށް ހަޑިހުތުރު ބަސްތައް އަމުނާލަމުން އެއްޗެހި ގޮވަން ފަށައިފިއެވެ. ލަދުންގޮސް ދެކަންފަތުގައި އަތްއަޅާހާވެއެވެ.

“އަންބަރު، އެމީހާއަށް ގުޅާފަ ބުނަންވީނު ދެން އަންނާށޭ” ދާރާ ކަންބޮޑުވެފައި ހުރިވަރުން ބުންޏެވެ.

“އެހެން ކިހިނެއް ގުޅާނީ، ވަކި ގަޑިއަކަށް އަންނާނަމޭ ވިއްޔާ ބުނީ، އެހެންވީމަ ހިޔެއްނުވޭ މިހާރު އައިސް ދާނެ ހެނެއް، އަހަރުމެންނަށް މައިތިރި ކުރެވޭ ގޮތަކަށް މައިތިރި ކުރަން އަހަންނަށް ފެންނަނީ، ދެން ނެތޭ ގިނައިރެއްވެސް، އިރުކޮޅަކުން ބަންގި ގޮވާނެ، ފަހަރެއްގަ ބަންގި ގޮވާ އަޑަށް މައިތިރިވެސް ވެދާނެ” އަންބަރު ބުންޏެވެ.

“އަންބަރު މިރޭ ނަމާދަށް އަރަންވާނީ ގޭގައި، އަހަރުމެން ދެމައިން ވެގެން ކިހިނެއް ބަތީލު ހިފަހައްޓާނީ” ދާރާ މިހެން ބުނުމުން އަންބަރު ބޯޖަހާލިއެވެ.

އިރުއޮއްސި ބަންގި ގޮވުމާއިއެކު ބަތީލު ހީވީ ކަނޑާ ވައްޓާލި ގަހެއް ހެންނެވެ. އެއްވެސް ބާރެއް ނެތި ހުރިތަނަށް ވެއްޓެން ދިޔައެވެ. އަންބަރަށް ނޭނގިނަމަވެސް ބުނެވުނީ ރަނގަޅަށެވެ. އެހެންނަމަވެސް ދެންވާނީ ކިހިނެއްކަމެއް އެކަކުގެ ވިސްނުމަކަށްވެސް ނާދެއެވެ. ކިތަންމެ ފަހަރަކު ސުލައިމާނަށް ގުޅަންވީއޭވެސް ދާރާގެ ހިތަށް އަރައެވެ. ކޮންމެ ގޮތެއް ވިޔަސް އެކުއްޖާއަށް އެވަރު ވާތަން ބަލާކަށް ދާރާއަކަށް ކެތެއް ނުވާނެއެވެ. އޭނާ އޭނާގެ ދަރިފުޅު ބޭނުމެވެ.

ސުލައިމާނަށް ދާރާ މިއަދު ނުގުޅުމުން އޭނާ ހުރީ ހައިރާންވެފައެވެ. މިއަދު މީ އުނިމާ ކޮޅެއް ހޯދާށޭވެސް ބުނި ދުވަހެވެ. އަންބަރު މާބިންނަން ދަމުން ގުޅާނެ ވާހަކަވެސް ވަނީ ބުނެފައެވެ. އެކަމަކު އިރުއޮއްސި މަޤްރިބު ނަމާދަށް ގޮވުމުންވެސް ޚަބަރެއް ވާގޮތެއް ނުވިއެވެ. ދާރާ މެންގެ ގެއަށް ދިއުމަށް ސުލައިމާނުގެ ހިތަށް އެރިއެވެ. އެހެންނަމަވެސް އެގޮތަށް ކަންތައް ކުރަން ނުކެރުނީ ދާރާ އާއި އަންބަރާއި ދެމީހުން ކުރެ އެކަކުވެސް އޭނާއަށް ނުގުޅާތީއެވެ. މަތިންބައިން ޖެހިގެން ގޮސް ގޭގެއަށް ވަނުމަކީ އޭނާ ކުރާކަމެއް ނޫނެވެ. ގޭތެރޭގެ ކަމެއް ގޯސްނަމަ ދާރާ ވަގުތުން އޭނާއަށް ގުޅާނެކަންވެސް އެނގެއެވެ. އެހެންވެ މަޑުކޮށްލާނީއޭ ހިތަށް އަރާފަވެސް މަޤްރިބު ނަމާދަށް މިސްކިތަށް ދިއުމަށް ނުކުމެފައި ސުލައިމާނު ދިޔައީ އަންބަރު އާންމުކޮށް ނަމާދަށް އަރާ މިސްކިތަށެވެ. ފަހަރެއްގައި މިސްކިތުން ދިމާވެ ޚަބަރު ދަބަރު އޮޅުން ފިލާފާނޭ ހިތާއެވެ.

ސޯފާގައި އޮތް ބަތީލު ތެޅެން ފެށީ ކީއްވެކަމެއް އެކަކަށްވެސް ނޭނގެއެވެ. ދާރާ އިނީ މަޤްރިބު ނަމާދުން ފައިބާ ޤުރުއާން ކިޔަވާށެވެ. އޭނާގެ ގާތުގައި ބަލްމާވެސް ކިޔަވަން އިނެވެ. ނިދާފައި ކަހަލަ ގޮތަކަށް އޮތް ބަތީލުގެ ހަށިގަނޑު ތެޅެމުންގޮސް އިދިފުށަށް ޖެހޭފަދަ ގޮތަކަށް އުޅެންފެށުމުން ދާރާ އަވަހަށް އައިސް ބަތީލުގެ ގައިގާ ހިފެހެއްޓިއެވެ. އެއާއިއެކު ކުއްލިއަކަށް ދެލޯ ތަންމިނަށް ހުޅުވާލާފައި ބަތީލު ރޯންފަށައިފިއެވެ. ގިސްލަގިސްލާފައި ރޯން ފެށިއިރު އެ ރުއިމުގެ އަޑުން އަސަރު ކުރީ ހަމައެކަނި ދާރާގެ ހިތަކަށް ނޫނެވެ. އަންބަރުގެ ހިތްވެސް ވަގުތުން މަޑުވެ ދެލޯ ފެންކަޅިވާ ގޮތް ވެއްޖެއެވެ. އަވަސް އަވަހަށް އައިސް ދާރާގެ ގާތުގައި އިށީނދެ ބަތީލުގެ ގައިގާ ފިރުމަން ފަށައިއެވެ.

“ދަރިފުޅާ، ވާގޮތެއް ނިކަން ބައްޕަ އާއި މަންމަ އަށް ކިޔާދީބަލަ، ތަނަކަށް ތަދުވަނީތަ، ކޮންތާކައްތަ ތަދުވަނީ، ދަރިފުޅާ، މީ ބައްޕައޭ، އަނގައިން ބަހެއް ބުނެބަލަ” އަންބަރު އޭނާގެ ދަރިފުޅުގެ ގާތުގައި އިނދެ އާދޭހުގެ ރާގެއްގައި ބުންޏެވެ. އެވަގުތު ސިޓިން ރޫމު ދޮރުގައި މީހަކު ޓަކި ދިން އަޑާއިއެކު ސަލާމް ގޮވާލި އަޑު އިވުނެވެ. އެންމެނަށް އެއްފަހަރާ ބަލާލެވުނީ އެދިމާލަށެވެ. ލޮލުގެ އިޝާރާތުން ކަމެއް އަންގާލަމުން އަންބަރު ތެދުވެގެން ދިޔައީ ގޭތެރެއަށް ވަދެވެން ހުރި ދޮރު ހުޅުވާށެވެ.

“އައްސަލާމް އަލައިކުމް، އަޅުގަނޑަށް ކިޔަނީ ނައުފަލް، އަޅުގަނޑާއިއެކު މިހުރީ އަދުނާނު، މިގޭ ކުއްޖަކަށް ޖިންނިއެއްގެ ގޯނާއެއް ފޯރާ ކަމަށް އަދި އަޅުގަނޑުމެންގެ އެހީއަކަށް ތިޔަފަރާތުން ބޭނުންވާ ވާހަކަ އަޅުގަނޑުމެންގެ އަޙް އަދަން ބުނެގެން…” މިވަރަށް ބުނަން ވާއިރަށް އެއީ ކޮންބައެއްކަން އަންބަރަށް އެނގިއްޖެއެވެ. ނަމަވެސް ކުރިމަތީ ހުރި ދެޒުވާނުންނަށް ބަލާލުމުން އެމީހުންގެ އުމުރުގެ ޅަކަން މޫނުމަތިންވެސް ފެންނަމުންދާތީ އެފަދަ ކަމެއް އެހާ ޒުވާން އުމުރުގައި ރަނގަޅަށް ކުރަން އެނގިދާނެ ކަމާއިމެދު އަންބަރުގެ ހިތުގައި ޚިޔާލު ތަފާތުވުން ތަކެއް އުފެދިގެން ދިޔައެވެ. ނަމަވެސް ވަގުތު ބޭކާރުނުކޮށް ދަރިފުޅަށްޓަކައި ވިސްނާލާފައި އަވަހަށް އެމީހުންނާއި ވާހަކަދެއްކިއެވެ.

“އަހަންނަށް ކިޔަނީ އަންބަރު، ޖިންނި އުނދަގޫ ކުރަނީ އަހަރެންގެ އަންހެން ދަރިއަށް، މިހުންނަނީ ހަމަ ތިކުދިންގެ އިންތިޒާރުގައި، އަވަހަށް ވަދޭ އެތެރެއަށް” އަންބަރު ސަލާމް ބަލައިގަނެ އެ ދެ ޒުވާނުންނަށް ތަންދައްކަމުން އެއްފަރާތަށް ޖެހިލިއެވެ.

“ގޭތެރެއަށް ވަނުމުގެ ކުރިން ވާހަކައެއް އަހާލަން ބޭނުން، ދެފަރާތަށްވެސް ކުރާކަންތައްތައް އެނގިފައި އޮތުން ވަރަށް މުހިންމު، އަޅުގަނޑުމެންނަކީ ރުޤުޔާގެ އެހީގައި މިފަދަ ކަންކަން ރަނގަޅު ކުރާ ބައެއް، އަޅުގަނޑުމެން ގައިގާ އަޅާނޭ ތަވީދު ދިނުމާއި، އަދި އަކަ ކުރަހާފައި ހުންނަ ލިޔުންތައް ގޭގައި ބެހެއްޓުމަށް ދީއެއް ނޫޅެން، އެހެންނަމަވެސް ﷲ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އެކުއްޖާ ރަނގަޅު ކުރާނަން، އޭގެ ފަހުގައި ރަނގަޅަށް އުޅޭކަމުގައި ވަނީނަމަ އިންޝާﷲ، ދެން މިފަދަ ކަމެއް ދިމާވުން ވަރަށް ދުރުވާނެ، އަންބަރު، މިކަން ދިމާވެގެން އުޅޭތާ މިހާރު ކިހާ ދުވަހެއްވެދާނެ، އެއްވެސް މީހެއްލައްވާ މިހާތަނަށް ކަމެއް ކުރުވާފަ ވާނެތަ” އަދުނާނު އެހިއެވެ.

“އާން، މިހާތަނަށް ހިފަހައްޓާލެވުނީވެސް މީހަކުލައްވާ ކަމެއް ކުރުވައިގެން، ކުރިއަކުން ނޭނގޭ ރުޤުޔާ ހަދައިގެން މިކަހަލަ ކަންތައްތައް ރަނގަޅު ކުރާ ބަޔަކު އުޅޭކަމެއް، އަނެއްކާ މީގެ ކުރިން ދުވަހަކުވެސް މިފަދަ ކަމެއް ދިމާވެފައެއް ނެތް، އެހެންވެ ކަންތައްތައް ގޯހުން ގޯހަށް ދާންފެށުމުން މީހަކު ގެނައީ، މިކަމެއް ފުރަތަމަ ޖެހުނީ ހަގު ދެބެންގެ ތެރެއިން ދޮށީ ކުއްޖާއަށް، އޭނާ މިހާރު ރަނގަޅު، އެކަމަކު ހަގު ދަރިފުޅަށް ޖެހުނު ގޮތަށް މިކަމެއް ރަނގަޅުވާކަށްވެސް ނޫޅުނު، ވަގުތީ ހައްލެއް މުޅިންވެސް މިލިބެނީ، މިހާރު މިހެން އުޅޭތާވެސް….” އަންބަރު ހުރިހާ ވާހަކައެއް އެ ދެ ޒުވާނުންނަށް ކިޔާދިނީ ގޯތިތެރޭގައި ހުރެއެވެ. ބަލްމާ ރަނގަޅު ކުރި ގޮތާއި އަދި މިހާރު ބަތީލަށް ފަންޑިތަ ހަދަމުން ގެންދަނީ ސުލައިމާނު ލައްވާ ކަމާއި، އޭނާ އެކުދިންގެ އުނުގައި ތަވީދު ލިޔެފައި އަޅުވާފައި ވާކަމާއި، ނުވިތާކަށް ގޭގައި ހަރުކުރުމަށާއި، ނިދާގަޑީގައި ބޯދަށަށް ލާންވެސް ކަރުދާސް ކޮޅެއް ދީފައި ވާކަމަށް އަންބަރު ބުންޏެވެ. އެއާއިއެކު އެ ދެ ޒުވާނުންގެ މޫނުމަތިން ފެނުނީ މުޅިން ތަފާތު ކުލަވަރެކެވެ. އަންބަރުވެސް ހައިރާންވިއެވެ.

“އެ އެއްޗެހި ހުރިހާ ހިނދަކު އަޅުގަނޑުމެންނެއް ތިގެއަކަށް ނުވަންނާނަން، މިހާރުން މިހާރަށް އެ ތަކެތި ނަގާ، އެއްވެސް އެއްޗެއް ބަހައްޓައިގެން ނުވާނެ، އަދި ރަނގަޅު ކުރަން އުޅޭ ކުއްޖާގެ ގައިގާވެސް އެއްވެސް އެފަދަ އެއްޗެއް އޮވެގެން ނުވާނެ” މިފަހަރުވެސް ވާހަކަ ދެއްކީ އަދުނާނެވެ. ރުންކުރު ރާގެއްލާފައެވެ.

“އެކަމަކު ތިހެންވާނީ ކިހިނެއް، ތިކުދިންނަކަށް ނޭނގޭނެ އެކުއްޖާއަށް ވާވަރެއް، ކިރިޔާ ދުނިޔޭގަ ހުރިކަން، ހަށިގަނޑުގެ ކަށިތައްވެސް ހީވަނީ މީހާ ލެނބިގެންދާ ވަގުތު މަސްގަނޑު ފަޅާ ނުކުމެ ދާނެހެން، ކަލޭމެން ކުދިން އެންމެ ފަހަރަކުވިޔަސް ނިކަން ވަދެ ބަލާލަބަލަ އެ ކުއްޖާ ފަކީރަށް އެވާ ގޮތްތައް، މިހާރުވެސް އެ އޮތީ ސޯފާގަ، މަރަށް ތެޅޭ ރޯމަހެއް ފަދަ، އަހަރެން ގޭގައި ހުރި ހުރިހާ އެއްޗެއް ނަގާފާނަން، އެކަމަކު އެކުއްޖާގެ ގައިގާ އޮތް ތަވީދު ނަގާކަށް ނުކެރޭނެ” ހުއްޓުން އަރާފައި އިރުކޮޅެއްވަންދެން ހުރި އަންބަރު ކަންބޮޑުވުމުގެ ރާގެއްގައި ބުންޏެވެ. ނަމަވެސް އެދެޒުވާނުން އެމީހުން ބުނި ބަހުގައި ހިފެހެއްޓިއެވެ.

“ހެޔޮނުވާނެ، ތި ކުދިންގެ މަސައްކަތް ފަށަމުން އެތަވީދު އެކުއްޖާގެ ގައިން ވަކިކޮށްލެވިދާނެ އެންނު، އެހެންނޫނަސް ޔަގީންކަން އެބަ އޮތްތައް އެ ތަވީދު ނެނގުމުން ކަލޭމެން ކުދިން ގެއަށް ވަނުމާ އެދޭތެރޭގަ އެ ކުއްޖާގެ ފުރާނަ ހަށިގަނޑާއި ވަކިވެގެން ނުދާނެކަން، އެހާ ޔަގީންކަން އޮތީތަ ތިހާ ވަރަށް އެކަމަށް ޝަރުތުތިކުރަނީ” އަންބަރުގެ ސިކުނޑި ހާސްވަމުން ދިޔަ ވަރަކަށް ރުޅީގެ އަސަރުވެސް ފިކުރުގެ މައްޗަށް ވެރިވާންފަށައިފިއެވެ.

“އަހަރުމެންނަށް އެ ފަދަ ގެރެންޓީއެއް ނުދެވޭނެ، އަހަރުމެންނެއް ނޫން ފުރާނަ ގެންދަވަނީކީ، ވަގުތު ޖެހުނީމަ ކޮންމެ ފުރާނައަކީވެސް އޭގެ ވެރިފަރާތުގެ މިލްކިއްޔާތެއް، އެކަމަކު އަހަރުމެންގެ މަސައްކަތް ފެށޭނީ އެ ކަހަލަގެ ހުރިހާ ކަމަކުން ދުރުވެގެން، އަންބަރު އެހެން ކަންތައް ކުރަން ބޭނުން ނުވަންޏާ އޭގަ އަހަރުމެންނަށް ކޮށްދެވޭނޭ ކަމެއްނެތް، މިގޮތަށް މިތަނުގައި ވަގުތު ނަގާލާފައި ތިބެވޭކަށްވެސް ނެތް، އިތުރަށް ވިސްނާލާފައި އަހަރުމެންނަށް ބޭނުންވަންޏާ ގުޅާލާ، އަދި ބުނަން، ތިގޮތަށް ހޯދޭ ހައްލަކީ ދާއިމީ ހައްލެއް ނޫން، ތިފަދަ އެއްޗެހީގެ އެހީގައި އުޅޭނަމަ، އެމީހަކަށް ޖެހޭނީ އަބަދު ތިކަމުގެ ތެރޭގައި އުޅެން، ތަވީދު ތަކާއި އެހެނިހެން ކުރެހުންތައް އަބަދު ޖެހޭނީ އާކުރަން، އޭގެ އަސަރު ހުންނާނީ ވަކި ދުވަހެއް ވަންދެން” އަދުނާނު ހިތްހަމަނުޖެހިފައި ހުރި ފަދަ ގޮތަކަށް ބުންޏެވެ. އެވަގުތު އަދުނާނަށް ވިސްނާނުލެވުނީ ކީއްވެބާއެވެ. އޭނާއަށް ވިސްނުން ހިންގާލެވުނީ އެންމެ ދާއިރާއަކުންނެވެ. މިއަދު އަންބަރުގެ ފިޔަވަޅުމަތީގައި އޭނާ އަށް ހުންނަން ޖެހުނުނަމަ ބަފައެއްގެ ހިތުގައި އަޅާ ވޭނާ ކުރެވޭ އިޙްސާސްތަކަށް ކޮންމެވެސް ޤަދަރެއް ކުރެވުނީސް ކަމުގައި އަންބަރުގެ ޒަމީރު ބުންޏެވެ. މިއަދު އަންބަރަށް އޭނާގެ ދަރިފުޅުގެ ފުރާނަ ސަލާމަތް ކުރުން ކިތަންމެހާވެސް މުހިންމެވެ. އެކުއްޖާއަށް ލިބެމުންދާ ވޭން ކުޑަކޮށްދިނުމަށް އޭނާގެ ބާރުގެ ދަށުގައިވާ ހުރިހާކަމެއް ކޮންމެ ފަދަ ޚާލެއްގައިވިޔަސް އޭނާ ކުރަން އެހުރީ ތައްޔާރުވެގެންނެވެ. އެދަރިފުޅުގެ ގިސްލުމާއި ވޭނުން ފުރިގެންވި ރޯއަޑު އެ ކަންފަތުގައި ޖެހޭކަށް އެންމެ ހިނދުކޮޅަކަށްވެސް އަންބަރު ބޭނުމެއް ނޫނެވެ. އެދަރިފުޅަށް ވަމުން އަންނަ ހުރިހާ ގޮތެއް ފެންނަނީ ޚުދު އޭނާގެ ދެލޮލަށް ވިއްޔާއެވެ. ވީއިރު އެކަމަށް ގޮތްކިޔާ ނިންމުން ނިންމާކަށް އަދުނާނަކަށްވެސް އަދި ނައުފަލް އަކަށްވެސް ނޭނގޭނޭ ކަމުގައި އަންބަރު ނިންމިއެވެ. ލިބުނު ނާކާމިޔާބާއިއެކު ހިތަށް ކުރި އަސަރުން ދެލޮލުން ފާއްދާލި ކަރުނަ ތިކި ލޮލުން ފައިބައިގެން ދިޔައެވެ. އަވަސް އަވަހަށް ދެލޯ ފުހެލާފައި ފުންނޭވާއެއް އަންބަރު ބޭރުކޮށްލީ ކަށިން ހިތްވަރު ނެރެމުންނެވެ. އަމިއްލަ ނަފްސަށް ހިތްވަރު ކުރުމަށް ބާރުއަޅާ ހާލުގައެވެ. އަންބަރު ނުރުހިފައި ހުރެ ގޭޓާއި ދިމާލަށް، އެގެއިން ނުކުތުމަށް ދިޔަ ދެޒުވާނުންނަށް ބަލާލާފައި ގޭތެރެއަށް ވަދެއްޖެއެވެ.

“ކޮބާ އެމީހުން، އެ މީހުންނެއް ނޫންތަ އައީކީ” އަންބަރު ފެންނައިރަށް ދާރާ ސުވާލު ކުރީ ކެތްތެރިކަން ކުޑަވެފައި އިނދެ އެވެ. ފާޑަކަށް ބަތީލަށް ބަލަހައްޓައިގެން އަންބަރަށް ހުރެވުނީއެވެ. ދާރާ އަނެއްކާވެސް ކުރިއަށްވުރެ ބާރަށް އަންބަރަށް ގޮވާލާފައި ސަލާމްގޮވި މީހުންގެ ޚަބަރު އަހައިފިއެވެ. އެއާއިއެކު އެމީހުން ކަންތައްކުރި ގޮތް އަންބަރު، ދާރާއަށް ކިޔައިދީފިއެވެ.

“އެމީހުންނަށް ކީއްވެތަ ނުވިސްނުނީ ކަމުގެ ނާޒުކުކަން، އަޅެ މިކުއްޖާއަށް މިވާގޮތް ބަލާލަންވެސް ކީއްތަވާނީ ހަމަ އެންމެ ފަހަރަކު މިގެއަށް ވަންނަމަ، އަހަރުމެން މިގޭގައި އެއްޗެހިތަކެއް ބަހައްޓާފައި ހުރުމުން އެކަމުން އެމީހުންނަށް ކޮންގެއްލުމެއް ވާނީ، އެހެންނޫނަސް އަހަރުމެންނަށްވެސް މިކަމުގެ ރަނގަޅުގޮތް ނޭނގޭތީ ދޯ މިހެން ކަންތައް ކުރެވިފަ މިއޮތީ، އެ މީހުންވެސް ކަންތައްކޮށްދެނީ އެމީހުން ބޭނުންވާ ބަޔަކަށް، އެހެންނޫނީ އެހާ ކަންތައް ބޮޑުކޮށްލާކަށް އަދި ނުވެއެންނު، މިއޮތީ މިކުއްޖާއަށް ވާވަރު، އެންމެން އޮޅުލައިގަނެގެން ނޫނީ މައިތިރި ނުކުރެވޭ، ދެންމެވެސް ދިހަ ވަރަކަށް މިނެޓުވަންދެން މީހާ ހުއްޓުނު ގޮތަށް ނޭވާވެސް ނުލާ އޮތް، ކަނދުރާ ހީވަނީ ބިންދައިގެން ހިނގައިދާނެހެން، އަންބަރު، އަހަންނަށް ވަރިހަމަ ކޮންމެ ގޮތަކަށްވިޔަސް، އަހަރެން ބޭނުންވަނީ ބަތީލު ރަނގަޅުވާން، ހަމަ މިހާރު ސުލައިމާނަށް ގުޅާ، ގުޅާފަ ބުނޭ ހުރިތަނަކުން އަވަހަށް މިގޭ ދޮށަށް އަންނާށޭ، މަގޭ ދަރިފުޅު މިއޮތްގެން މަރުވަނީއޭ، ކޮންމެ މީހަކުވެސް މޮޅު ވާހަކަ ދައްކާނެ، އެކަމަކު ބޭނުމެއް ޖެހޭ ވަގުތު އެއިން މީހެއްގެ އެހީތެރިކަމެއް ނުލިބޭނެ، ސުލައިމާނު ވިއްޔާ މިކުއްޖާ މިވަރަށްވެސް އެބަ ހިފަހައްޓަ އެންނު، އަވަހަށް އޭނާއަށް ގުޅާބަލަ” ދާރާ އަށް މިހެން ބުނެވުނު އިރު އޭނާގެ އަޑުވެސް ކުރަކިވެއްޖެއެވެ. ދާރާގެ ގާތުގައި ކިޔަވަން ގެންގުޅުނު ހަތިމު މޭގައި ޖައްސާލައިގެން އޭގައި ބާރަށް ހިފަހައްޓައިގެން ހުރި ބަލްމާއަށް ހަމަ ރޮވެނީއެވެ.

ކަންބޮޑުވެފައި ހުރެ އައިސް ސުލައިމާނު ދާރާ މެންގޭ ތެރެއަށް ވަންއިރު ކަމަކު ދާކަށް ނެތެވެ. ބަތީލު އަތްފައިގައި އެންމެން ހިފައިގަނެގެން އުޅެއެވެ. އެކުއްޖާގެ ބޯ އާދަޔާއި ޚިލާފަށް އަނބުރާލާފައި އޮތްއިރު ބިރުވެރި ގޮތަކަށް ދެލޯ ހުރީ ބޮޑުކޮށްލާފައެވެ. ނަމަވެސް އެކުއްޖާގެ ރުއިމުގެ އަޑު ކަންފަތުގައި ޖެހުމާއިއެކު ހަމްދަރުދީއިން މުޅި ހިތް ވިރިގެން ދާވަރު ވެއެވެ. އަވަސް އަވަހަށް ސުލައިމާނުގެ މަސައްކަތައް ބޭނުންވާނެ ސާމާނު ކިޔާލިއެވެ. އަދި އައިގޮތަށް އައިސް ބަތީލުގެ ބޮލުގައި ދެއަތުން ހިފަހައްޓާލައިގެން ހުރެ ކިޔަވަން ފަށައިފިއެވެ. އެއާއިއެކު ބަތީލުގެ އަޑުވީ ހައްތަހާ ގަދައެވެ. “މަންމާ” އޭ ކިޔާ އަޑުން އަޑުނަގާ ރޮނީއެވެ. ދާރާއަށް ވަގުތުން ރޮވިއްޖެއެވެ. ސުލައިމާނު ލޮލާއި ބޮލުން އިޝާރާތްކޮށްލީ ބަލްމާ އަށް އެތެރެއަށް ދިއުމަށެވެ. ނުކެރިފައި ހުރެވެސް އަންބަރާއިއެކު ބަލްމާ ގޮސް އެމީހުންގެ ކޮޓަރިއަށް ވަދެއްޖެއެވެ.

“ދަރިފުޅާ، ވަރަށް ހިތްވަރު ގަދަވާންވާނެ، ކޮންމެފަދަ އަޑެއް އިވުނަސް ދަރިފުޅު ކޮޓަރިން ނުނިކުންނައްޗޭ، މަންމަ ނޫނީ ބައްޕަ އަންނާނަން ދަރިފުޅު ބޭރަށް ނެރެންވީމަ، އިރާދަކުރެއްވިއްޔާ ދެރަގޮތެއް ނުވާނެ، ވެދާނެ ކޮންމެ ކަމަކަށް ވަރަށް ހުޝިޔާރުވެ ދަރިފުޅު ހުންނައްޗޭ، ކޮންމެސް ކޮންމެސް ބޭރަށް ނުނިކުންނާތީ” ހާސްވެފައި ހުރެވެސް އަންބަރު ބުންޏެވެ. އަދި ބަލްމާގެ ބޮލުގައި ފިރުމާލާފައި އަވަހަށް ސުލައިމާނުގެ ގާތަށް އައެވެ.

ގިނައިރުތަކެއް ނުވެ ބަތީލު މައިތިރި ކުރެވުނީ ސުލައިމާނުގެ ކިޔެވުން ކުރީ ފަހަރުތަކަށްވުރެ ވަރުގަދަކޮށްގެންނެވެ. ހީވަނީ ބަތީލު ނިންދަވާލީ ހެނެއެވެ. ދެން ސުލައިމާނު އަވަސްވެގަތީ ހަމަތަނެއްގައި އެކުއްޖާ ބޭއްވުމަށެވެ. އޭރުން ސުލައިމާނަށްވެސް ބަތީލުގެ ގާތުގައި އިނުމަށް ފަސޭހަވާނޭތީއެވެ. ކާޕެޓުމަތި ތައްޔާރުކޮށްލުމާއިއެކު އެތަނުގައި ބަތީލު ބާއްވައިފިއެވެ. އެހެން ބަޔަކު ލައްވާ ކަމެއް ކުރުވަން އުޅުނު ވާހަކައެއް ދާރާވެސް އަދި އަންބަރުވެސް ނުބުނެއެވެ. ނަމަވެސް ބަތީލުގެ އުނުގައި އޮތް ތަވީދު އަމިއްލަ އަށް ކަނޑާލި ކަމާއި، ބަތީލު ބޮޑަށް ސަކަރާތްވީ އޭގެ ފަހުގައި ކަމަށް ދާރާ ސުލައިމާނަށް ކިޔައިދިނެވެ.

“އަހަރެން ބުނީމެންނު މިއަދަށް އުނިމާކޮޅެއް ހޯދަން، އަދި އަހަރެން ހުންނާނެ އެއްޗެހި ތަކެއް ތައްޔާރުވެސް ކޮއްފަ، އެކަމަކު އެ އެއްޗެހި ހަރުކުރުމުގެ ކުރިން ގޭގައި ދުންއަޅަން ޖެހޭ، އޭގެ ފަހުގައި މިހާރު ހުރި އެއްޗެހީގެ މައްޗަށް އެކަން ކުރާނީ، އޭރުން އިތުރަށް ވަރުގަދަވާނެ، ކީއްވެތަ ޚަބަރެއް ނުވީ، މިކަހަލަ ކަންތައްތަކަކީ ކުރަންފަށާފަ ކޮޅެއްގައި ނުޖެހެނިސް މެދުކަނޑާލެވޭނޭ ކަންތައްތަކެއް ނޫން” ސުލައިމާނު ކުރަން ބޭނުންވެފައި ހުރި ސުވާލު ކުރިއެވެ.

“އަހަންނަށް ނުދެވުނީ، އެހެންވެ ސުލައިމާނަށް ނުގުޅީވެސް” އަންބަރު އާދައިގެ ގޮތަކަށް އެ ވާހަކަ އޮއްބާލަން ބޭނުންވިއެވެ. ކަންވީގޮތް ސުލައިމާނު ގާތު ބުނެފިނަމަ އޭނަވެސް ހިތްހަމަ ނުޖެހޭނެކަން ގައިމެވެ.

“ތިއީ ތިވީ ގޮތަކީ، ތަވީދު ކަނޑާލީ އޭނާގެ ބާރަކު ނޫން، އަހަންނަށް އެނގިއްޖެ ދެން ކުރަންވީ ކޮންކަމެއްކަން، ދައްތާ، ދައްތަވާނެ އަހަންނަށް އެހީވާން، އަހަރެން ބުނާ ގޮތަށް ކަންތައް ކުރާނީ، އަހަރެން ކިޔާދެމުން ދާނަން ކުރަންވީ ކަންކަން، ޅިޔަނާ ކަލޭ ނުވާނެ މި މަންޖެ ފައިން ދޫކޮށްލައިގެން، އަހަރެން އޭނާގެ މަތީ ހަށި ހިފަހައްޓާނަން، ވަރަށް ރަނގަޅަށް އަހަރެންގެ ހަރަކާތްތަކަށް ބަލަންވާނެ، ކިޔަވަމުން މާގިނަ ވާހަކައެއް ނުދެއްކޭނެ، ވަރަށް ބާރުވެސް ދައްކާނެ، ވަރަށް ތައްޔާރުވެގެން އިންނާތި އެހެންނޫނީ ނުބައިގޮތަކަށް ފައިތަންތަން އަނބުރާލަ ފާނެ، ދެމީހުންވެސް ތި ތިބީ ވުޟޫ މަތީގަތަ” ސުލައިމާނު އޭނާގެ މަސައްކަތް ފެށުމަށް އެންމެ ފަހުގެ ތައްޔާރީ ވެލިއެވެ. އޭރު އޭނާގެ އެދުމަށް އަންބަރު ގެނައި ފިލާ ފޮއްޗަކާއި، ވަޅި އަކާއި، މެދާ ހަމައަށް ފެންހުރި ބިއްލޫރި ތައްޓެއްވެސް ކައިރީގައި ބަހައްޓާފައި ހުއްޓެވެ. އޭގެ އިތުރުން ފަޅިކޮށްފައި ހުރި ލުބޯތަކެއްވެސް ތައްޓެއްގައި ހުއްޓެވެ. ދާރާ ކިޔަވަން އިން ހަތިމު އޮތީ ސުލައިމާނުގެ އަތުގައެވެ. އަންބަރާއި ދާރާގެ ފަރާތުން އާނބަސް ލިބުމާއިއެކު ސުލައިމާނު އޭނާގެ މަސައްކަތް ފަށައިފިއެވެ.

ސުލައިމާނު އޭނާގެ ކިޔެވުން ފެށީ ބަތީލުގެ އުނުގައި އޮތް ތަވީދު ކަނޑާލާފައި ކައިރީގައި އޭތި ބާއްވައިގެން އިނދެއެވެ. ކިޔެވުމުގައި ވަރުލަމުން ގޮސް އެންމެ ވަރުގަދަ ހިސާބަށް ދިޔަކަން ބަތީލުގެ ހަށިގަނޑުންނާއި ހަރަކާތްތަކުން އެނގެން ފެށިއެވެ. އަނގައިން ވައްތަރު ޖެއްސުމާއި ހުނުމާއި، ބިރުވެރި އަޑުއަޑު ބަތީލު ލައްވަން ފަށައިފިއެވެ. ނުވިތާކަށް ސުލައިމާނާއި ދިމާލަށް މޫނު އަނބުރާލާފައި ތުނބުންވެސް ފުމެއެވެ. ސުލައިމާނު، ބަތީލުގެ ނިތްކުރުރީގައި ފުއްޓަތްކެއް ޖެހިއެވެ. އެއާއިއެކު ބަތީލު ރުޅިއައިސްގެން ހަޅޭލަވައިގަތެވެ. އާދަޔާ ޚިލާފަށް ދެލޯ ބޮޑުކޮށްގެން އޮތީ މީހުން ބިރުގަންނަ ފަދަ ގޮތަކަށެވެ. އެވަގުތު ސުލައިމާނު ކުރިމަތީ ހުރި ފޮތް ގޮނޑީގައި ހަތިމު ހުޅުވާލާފައި ބާއްވަމުން ބަތީލާއި ވާހަކަދައްކަން ފެށިއެވެ.

“ތީ ކާކު، ކޮން ނަމެއް ކިޔަނީ” ސުލައިމާނު ހަރުކަށި ގޮތަކަށް ބަތީލާއި ސުވާލު ކުރި އެވެ.

“ނުބުނާނަން، ކަލޭ ތިހާ މޮޅިއްޔާ އަހަރެންގެ ނަން ހޯދަންވީނު” ވަގުތުން ބަތީލު ރައްދު ދީފިއެވެ. ދެންވެސް ސުލައިމާނު ވާހަކަދެއްކޭތޯ މަސައްކަތް ކުރިއެވެ. ނަމަވެސް ކުރި ލިބޭ ގޮތެއް ނުވި އެވެ. އެހެންވެ އަނެއްކާވެސް ކިޔަވަން ފެށީއެވެ. ވަކި ވަރަކަށް ކިޔަވާފައި ބަތީލާއި ވާހަކަދެއްކިއެވެ. މިފަހަރު އިންޒާރު ދިނުމުގެ ގޮތުންނެވެ. އަނގައިން ނުބުނެ ފާޑަކަށް ހެވިފައި ބަތީލު އޮތެވެ. ދެން ފެށީ ބަތީލުގެ ބަނޑު ފުއްޕާށެވެ. އަވަސް އަވަހަށް ސުލައިމާނު ބަތީލުގެ މޭމަތީގައި ބާއްވާފައި އޮތް ބާލީހުގައި އަތްއަޅާލަމުން އެތެރެއަށް ވާގޮތަށް ބާލީސް ކޮށްޕާލިއެވެ. ބަތީލުގެ ބަނޑު އިތުރަށް ފުފޭ ގޮތެއް ނުވިއެވެ. ސުލައިމާނު ސުވާލު ކުރުން ހުއްޓާލައިފައި ކިޔެވުން ވަރުގަދަ ކުރިއެވެ. ކިޔަވަންވީ އެއްޗެހި އޭނާ ހިތުދަސްވެފައި ހުރި ކަހަލައެވެ. ފޮތްގޮނޑީގައި އޮތް ހަތިމަށް ނުބަލާ އޭނާ ކިޔަވަމުން ދިޔައެވެ. އަދި އަތްފޯރާ ހިސާބުގައި ހުރި ލުނބޯތަށިން ލުނބޯ ކިބައެއް ނަގާ ބަތީލުގެ ކަރުދޮށަށް ފިތާލައިފިއެވެ. އެއާއިއެކު ބަތީލު ތެޅިގަންއިރު ހީވީ ފުންމައިގެން ތެދުވަން އުޅުނުހެންނެވެ. ނަމަވެސް ސުލައިމާނާއި އަންބަރު ތިބީ އެކަމަށް ސަމާލުވެގެން ކަމަށް ވާތީ އުނދަގުލަކާއި ނުލާ ބަތީލު ހިފަހައްޓާލެވުނެވެ. އެކުއްޖާގެ ކަރުބުޑުން ހަޅޭކުގެ އަޑުނޫން އަޑެއް ނުނިކުމެވެ. ސުލައިމާނު ހުއްޓުމެއްނެތި ފަހަރަކު ލުނބޯ ކިބައެއް ނަގާ ބަތީލުގެ ގަޔަށް ފިތަމުން ދިޔައެވެ. އެކަމުގައި ސުލައިމާނު، ދާރާގެ އެހީއަށް ބޭނުންވީ، ބަތީލަކީ އަންހެން ކުއްޖަކަށްވީމަ އެވެ. ހަށިގަނޑުގެ ކޮންމެ ކޮންމެ ދިމާލެއްގައި އަތްލަން އުނދަގޫވާނޭތީއެވެ. ސުލައިމާނު ބުނާގޮތަށް ދާރާ ކަންތައް ކުރަމުން ދިޔައެވެ. ދަރިފުޅުގެ މުޅި ހަށިގަނޑުގައި ހެން ލުނބޯ ހާކާ ނިމުމުން ދާރާ، ސުލައިމާނަށް ބަލާލީ ދެން ހަދަންވީ ކިހިނެއްތޯ އަހާލާ ފަދަ ގޮތަކަށެވެ. އޭނާ އަތުން އިޝާރާތްކޮށްލީ އެހަށް މަޑުކުރުމަށެވެ. ގަދަ ދައްކަމުން ދިޔަ ބަތީލުގެ އަޑު ކަޑައިގެން ދިޔައެއް ކަމަކު ބަނޑު އޮތީ އިހުނަށް ވުރެ ބޮޑަށް ފުއްޕާފެވެ.

“ދައްތާ، ދެއަތުން ބަނޑުގައި އަޅާ ތިރިއަށް ހިފާލާ، ވިއްސަން ހަދާގޮތަށް، ދެން މި މަންޖެ ދެފައިވެސް ކުޑަކޮށް ދުރުކޮށްލާފައި ބަހައްޓާ، ޅިޔަނާ ބާރަށް ހިފަހައްޓައިލާތި، އެކަމަކު ވަރަށް ވިސްނައިގެން އިންނައްޗޭ، ތަނެއް ބިންދައިގެން ދާވަރަށް ނުހިފައްޓާތި” ސުލައިމާނު މިހެން ބުނެ ފޮތްގޮނޑީގައި އޮތް ހަތިމުގެ ގަނޑުތައް އުކަން ފެށިއެވެ. އޭނާ ހޯދާ ހިސާބު ފެފުނީ ކަން ޔަގީނެވެ. ވަގުތުން ސުލައިމާނު ކިޔަވަން ފަށައިފިއެވެ. އޭނާވެސް ހަތިމު އެއް އަތަށް ލައިގެން އިނދެ އަނެއް އަތުން ބަތީލުގެ ބޮލުގަ އާއި ބަނޑުގައި އަތްޖައްސަމުން ކިޔެވުން ކުރިއަށް ގެންދިޔަ އެވެ. އެގޮތަށް އުޅެ އުޅެވެސް ބަތީލުގެ ބަނޑު ހިނދިވާ ގޮތެއް ނުވިއެވެ. ދެން ސުލައިމާނު ނެގީ ޖީބުގަ އޮތް ކުޑަ ފޮތެކެވެ. އެބަލައިގެން އޭނާ ކިޔަވަން ފެށިއެވެ. އެއިން ބައެއް ކިޔެވުމަށްފަހު ބަތީލާއި ސުވާލު ކުރަން ފެށިއެވެ. ޖިންނި ގާތު އެ ސޮރަށް އަނިޔާ ކުރާނެ ވާހަކަ ބުނުމަށް ސުލައިމާނު، ބަތީލުގެ ގާތުން އެދުނެވެ. މިހެން ބުނެ ގިނައިރެއް ނުވެ ސުލައިމާނު ކައިރީގައި ހުރި ފެންތަށްޓަށް ކިޔަވައި އޭގެ ތެރެއަށް ވަޅި ކޮއްޕާލާފައި ނަގާ ކައިރީގައި އޮތް ފިލާ ފޮއްޗަށް ވަޅި ޖަހައިފިއެވެ. އެއާއިއެކު ބަތީލު ނިކަން ބާރަށް ރޮއެގަތެވެ. ހީވީ ތަނަކަށް ތަދުވެގެން ރޮއެގަތް ހެނެވެ. ސުލައިމާނު ދެންވެސް ސުވާލު ކުރީއެވެ. އިތުރު އަނިޔާއެއް ނުވަނިސް ބަތީލުގެ ހަށިގަނޑު ދޫކޮށްލުމަށް ޖިންނިއަށް އަމުރު ކުރިއެވެ. ޖަވާބެއް ނައުމުން ސުލައިމާނު އަނެއްކާވެސް ފިލާ ފޮއްޗަށް ވަޅި ޖަހައިފިއެވެ. މިފަހަރުވެސް ބަތީލު ރޮއެގަތެވެ. ދެންވެސް ސުލައިމާނު ކުރީ ކުރިންވެސް އޭނާ ކުރި ސުވާލެވެ. މިފަހަރު ވަރަށް މަޑުމަޑުން ބަތީލު ވާހަކަދެއްކިއެވެ. އެއާއިއެކު ސުލައިމާނު ލުނބޯ ކިބައެއް ނަގާ ދާރާގެ އަތަށް ދީފައި ބަތީލުގެ ފުއްޕާފައި އޮތް ބަނޑުގައި އުނގުޅުމަށް ބުންޏެވެ. ދާރާ އެފަދައިން ކަންތައް ކުރުމުން ދެން ސުލައިމާނު ބުނީ އަންހެނަކު ވިއްސާ ފަދައިން ބަތީލުވެސް ވިއްސުމަށެވެ. ދާރާ ބަތީލުގެ ބަނޑުގައި ދެއަތް އަޅާ އޮބާލުމާއިއެކު،  ބަނޑުގެ ތެރެއިން އެއްޗެއް ތެޅިގަތްހެން އޭނާއަށްވެސް އިޙްސާސް ކުރެވިގެންދިޔައެވެ. ބިރުންގޮސް އޭނާގެ މޭގަނޑު ތެޅިގަތް ގަތީނުން އަނގައިން ބޭރުނުވީ ކިރިޔާއެވެ. ވަގުތުން ބަލާލެވުނީ ސުލައިމާނަށެވެ. އެހެންނަމަވެސް ސުލައިމާނު ކިޔަވަނީއެވެ. ދާރާ ހިތްވަރުކޮށްފައި ބަތީލުގެ ފުއްޕާފައި އޮތް ބަނޑު ތިރިއަށް ޖައްސަމުން ދިޔަ ވަރަކަށް އެ ކުއްޖާގެ ބަނޑުވެސް އައީ ހިނދެމުންނެވެ. އަންބަރާއި ދާރާ ތިބީ އަޖައިބުވެ އަންތަރީސްވެފައެވެ. ވިހެއީ ކޯއްޗެއް ކަމެއް އެކަކަށްވެސް ނުފެނެއެވެ. އެހެންނަމަވެސް ބަތީލުގެ ބަނޑު ހިނދި، ކުރިން ހުންނަ ވަރުވެއްޖެއެވެ.

“ދައްތާ، އެ މަންޖެގެ ފައި ރީތިކޮށް ދަމާލާފައި ދެފައިތިލައިގައި ހިފަހައްޓާލައިގެން މަޑުކޮށްލާ” ސުލައިމާނު ބުންޏެވެ. ދާރާ އަވަސް އަވަހަށް ބަތީލުގެ ފައިކޮޅަށް ޖެހިލާފައި ދަރިފުޅުގެ ގައިމަތިން އަޅާފައި އޮތް ފޮތިގަނޑު ރަނގަޅު ކޮށްލަމުން ދެފައި ތިރިކޮށް ދަމާލައިފިއެވެ. އެހެން ހެދުމުން އަންބަރު، ދަރިފުޅުގެ ދެ ފައިތިލަ ކައިރިކޮށްލަމުން ދެ އަތުން ހިފަހައްޓައިލިއެވެ.

ސުލައިމާނު އަނެއްކާވެސް ފެށީ ސުވާލު ކުރާށެވެ. އެ ސުވާލުތަކަށް ގަދަ ދެއްކުމެއްނެތި ބަތީލު ޖަވާބު ދެމުން ދިޔައެވެ. އެހެންނަމަވެސް ވަރަށް ކުރު ޖަވާބު ތަކެކެވެ. އެގޮތުން ސުލައިމާނު ކުރި ސުވާލު ތަކުން ސުވާލަކަށް ބަތީލު ދިން ޖަވާބުން އެންމެން ދިޔައީ ސިހިގެންނެވެ.

“ކާކު އޭ ކަލޭ ފޮނުވީ، އެއީ ކީއްވެ މި ކުއްޖާ މަރާލަން އެމީހަކު ކަލެ އާއި ހަވާލު ކުރީ” ސުލައިމާނު އެހިއެވެ.

“ބައްޕަ ފަރާތުގެ ވަރަށް ގާތް އަންހެނަކު، އަހަރުމެންނަކީ ސުވާލު ކުރާ ބައެއް ނޫން، އަހަންނާއި ހަވާލު ކުރީ އޭނާ މަރާލަން، އޭނާ މަރާލެވުނީމައި އަހަރެންގެ މަސައްކަތް ނިމުނީ” ބަތީލު ހަރަކާތެއްވެސް ނުކޮށް އޮވެ މަޑުމަޑުން ވާހަކަދެއްކިއެވެ. ދާރާ އާއި ޚިލާފަށް އެ ވާހަކަތައް އަޑުއަހަން އަންބަރަށް މާ ފަސޭހައެއް ނުވިއެވެ. އެހެންވެ ސުލައިމާނު ބަތީލުގެ ގާތަށް އައިސް ހުރި ޖިންނި އިސްލާމް ވުމަށް އެދުނެވެ. އަދި އިސްލާމް ވުމަށްފަހު ދޮގު ހެދުމަކީ ފާފަ ލިބޭނޭ ކަމެއް ކަމުގައި ހަނދާންވެސް ކޮށްދިނެވެ. އޭގެ ފަހުގައި އިސްލާމް ދީނުގެ ރުކުންތައް ކިޔައި ދިނެވެ. ބަލިވެފައި ހުރި ޖިންނި ސުލައިމާނު އެދުނު ކަންކަން ޤަބޫލު ކުރިއެވެ. އެ ސޮރު އިސްލާމްވެ ނަންވެސް މުސްލިމު ނަމަކަށް ބަދަލު ކުރިއެވެ. ނަމެއް ބުނީވެސް އެ ޖިންނި އަމިއްލަ އަށެވެ. އޭތި ބުނިގޮތުން މީގެ ފަހުން ދެން އޭނާގެ ނަމަކީ އިސްމާޢީލް ކަމަށެވެ. އެނަމުން މުހާތަބު ކުރުމަށެވެ. އަދި އޭނާ އާއި މާގިނަ ސުވާލު ނުކުރުމަށާއި އޭނާ މިހާރު މިވަގުތުން ދަތުރު ފަށަނީ އުމްރާއަށް ދިއުމަށް ކަމަށެވެ. އަދި އޭނާ އާއިއެކު ބަތީލު މަރާލުމަށް އިތުރު ބައިވެރިއަކު ވާކަމަށްވެސް ބުންޏެވެ. އޭނާވެސް މިހާރު އިސްލާމް ދީން ޤަބޫލުކޮށް ނަން ބަދަލު ކޮށްފި ކަމުގައި ބުންޏެވެ. އަދި އެމީހުންގެ މީހުންގެ ގާތަށް ދިއުމުގެ ބަދަލުގައި އިސްމާޢީލާއިއެކު އުމްރާގެ ދަތުރު ފެށުމަށް އޭނާގެ އިންތިޒާރުގައި އެބަހުރި ކަމަށްވެސް ބުންޏެވެ.

“އަހަރެން އިސްމާޢީލުގެ ވަގުތު ނަގާލާކަށް ބޭނުމެއްނޫން، އެކަމަކު މިކުއްޖާ ރައްކާތެރި ކުރަން އަހަރެން ބޭނުން، ކަލޭގެ ލަވަފަޔަކީ ކޮބާ، އަދި މިކުއްޖާއަށް ކަންތައް ކުރަނީ އޭނަގެ ބައްޕަ ފަރާތުގެ ކިހާ ގާތް އަންހެނެއްކަން ބުނެދެވެން އޮތިއްޔާ، އެކަންވެސް ބުނެދިނިއްޔާ ވަރަށް ރަނގަޅު” ސުލައިމާނު ވާހަކަދެއްކީ މަޑުމައިތިރި ކަމާއިއެކު ރީތިކޮށެވެ.

“ބައްޕަ ފަރާތުގެ ވަރަށް ގާތް އަންހެނަކު، އެއަށްވުރެ ބޮޑަށް ކިޔާދިނުން އަހަރުމެންނަށް މިހާރު ހުއްދައެއް ނުވާނެ، ކުއްޖާ މިހާރު އެހުރީ ރައްކާތެރިވެފައި، ދެން ޤުރުއާން ގެ….” ޖިންނި ބުނެދިނީ އާދެވެގެން ބަތީލު ކިޔެވުން ރަނގަޅު ސޫރަތްތަކެކެވެ. އަދި ބަތީލުގެ އުޅުން ރަނގަޅު ކުރުމަށެވެ. އޭރުން އޭނާގެ ފަރާތުންވެސް ރައްކާތެރިކަން ލިބޭނެ ކަމުގައެވެ. ސުލައިމާނު އެންމެ ފަހުން އެހީ އަދިވެސް ބަތީލަށް ކަންތައް ކުރާ ބަޔަކު އެކަން ކުރޭތޯއެވެ. އެސުވާލަށް ޖިންނި އެއްބަސްވިއެވެ.

“އޭނާ އެކަން ކުރަނީ އެހެން މީހެއްގެ އެހީ ހޯދައިގެން، އޭނާގެ ހުންނާނެ ލޮލުގައި އައިބުކަމެއް ހުރި ދަރިއަކު، މިކަން އެއްގޮތަކަށްވެސް ހުއްޓާލާކަށް އަދިއެއް ނުވިސްނާ، ޢާއިލާ ރޫޅާލުން އޭނާގެ ބޭނުމަކަށްވަނީ، ﷲ އަށް ތަޤުވާވެރިވެ މިކަމުން ސަލާމަތް ކުރައްވާތޯ ގިނަ ގިނައިން ދަންނަވާ، ކުދިންގެ އުޅުން އިސްލާހު ކުރަންވީ” ޖިންނިގެ ވާހަކަތައް އަޑުއިވިފައި ދާރާ އިނީ ހައިރާންވެފައެވެ. އިތުރަށް ސުލައިމާނު ސުވާލު ކުރުމުންވެސް އެއްވެސް ޖަވާބެއް ނައެވެ.

“މުސްލިމެއްގެ ގޮތުގައި ކަލޭގެ އަޅުކަމައިގެން މިނިވަނެއްގެ ގޮތުގައި ދެން ދޭ” އެންމެ ފަހުން ޖިންނި ވާހަކަ ނުދައްކާނެކަން އެނގުމުން ސުލައިމާނު ބުންޏެވެ. ޖިންނި ދިޔައީ ދެން ދުވަހަކުވެސް އެހެން އިންސާނަކަށް ގޯނާ ނުކުރާނެކަމަށް ވަޢުދުވެފައެވެ. އެންމެނަށް އަޑުއިވޭވަރަށް ސުލައިމާނު ޝަހާދަތްވެސް ލާދިނެވެ. އެއާއިއެކު އެ ޖިންނި އަމިއްލައަށްވަނީ އަލްހަމްދު ކިޔަވާފައެވެ. އަދި އިހްލާސް، ފަލަގް، ނާސި ސޫރަތްވެސް ކިޔެވިއެވެ. ހުސްވެސް ޤަބޫލު ކުރަން ދަތި އެހެންޏާ ނުފެންނަ މަންޒަރުތަކެވެ. ސުލައިމާނު ދެން ގޮވާލީ ބަތީލަށެވެ. އޭނާ ބަތީލުގެ ގާތުން އެހީ އެއްވެސް މީހަކު ފެންނަން ހުރިތޯއެވެ. އެއާއިއެކު ބަތީލު ދެފަރާތަށް މަޑުމަޑުން ބޯ ހަރަކާތްކޮށްލިއެވެ. ސުލައިމާނު އެންމެފަހުގެ ކިޔެވުން ކިޔެވުމަށްފަހު ބަތީލުގެ ނިތްކުރިއަށް ފުމެލިއެވެ. އަދި ތެދުވެ ބަތީލުގެ ބޮލުން ފެށިގެން ފައިގެ ކޮޅާއި ހަމައަށް ދިޔައީ ކިރިޔާ ގައިގާ އަތް ނުޖެހޭ ހިސާބުގައި ދެއަތް ބަހައްޓައިގެން ހުރެއެވެ. ފައިގެ ކަށިމަތިން ލާފައި އަތްހާކަމުން ގޮސް ދެފައިތިލަ އެއްކޮށްލަމުން ދެއަތް ހާކާލާފައި އަތްނައްޓާލި ވަގުތު ދެއަތްތިލަ ބަންދުކޮށްލައިފިއެވެ. ދެން ސުލައިމާނު އެހުރި ގޮތަށް ސިޓިން ރޫމު ދޮރާ ދިމާލަށް ދަމުން އަންބަރަށް އައުމަށް ބޮލުން އިޝާރާތް ކުރިއެވެ. އަންބަރު ތެދުވެގެން ދިއުމުން އަނެއްކާވެސް ބޮލުގެ އިޝާރާތުން ދޮރު ހުޅުވުމަށް ބުންޏެވެ. ދޮރު ހުޅުވާލުމުން ސުލައިމާނު އޭނާގެ ދެއަތް ފޮޅާލީ ގަޔާއި ދުރަށް ވާގޮތަށެވެ. އަދި ގޭގެ ދޮރު ލެއްޕީވެސް އޭނާގެ ދެއަތުންނެވެ. އެކަންކޮށް ނިންމާފައި އައިސް ބަތީލުގެ ކޮލުގައި ޖަހާލަމުން ގޮވާލިއެވެ.

“ދައްތާ، ޖޫސްތައްޓެއް އެއްޗެއް އަވަހަށް ގެނޭ” ސުލައިމާނު، ދާރާއަށް ބަލާލަމުން ބުންޏެވެ. މަޑުމަޑުން ލޯހުޅުވާލި ބަތީލަށް ތެދުވާނެ ހިތްވަރެއް ނުލިބުނެވެ. ޖިންނިގެ ސަކަރާތުގައި ގިނައިރު އޮތްވަރަކަށް އޭނާގެ ހަށިގަނޑުގެ ވަރުދެރަވެއެވެ. ސުލައިމާނު އަވަސް އަވަހަށް ބަތީލުގެ ބުރަކަށިދަށަށް އެއް އަތް ވައްދާލަމުން އެކުއްޖާ ތެދުވުމަށް އެހީތެރިވެދިނެވެ. އެވަގުތު އަންބަރުވެސް ބަތީލުގެ ގާތަށް އަތުވެއްޖެއެވެ. އަންބަރާއި ސުލައިމާނުގެ އެހީގައި އަތުލަފިކޮށްލައިގެން ބަތީލު ގެންގޮސް ސޯފާގައި ބައިންދައިފިއެވެ. ބަލްމާގެ މަތިން އަންބަރު ހަނދާންވީ ދެނެވެ. އަވަސް އަވަހަށް ގޮސް ހުޅުވާފައި ހުރި ކޮޓަރި ބަލާލި އިރު ދެކޮޅަށް ހިނގާލަ ހިނގާލަ ބަލްމާ ހުއްޓެވެ. ބިރުން ފިތްކެނޑިފައި ހުރި ހެންނެވެ. އަންބަރު ފެނުމުން ފުންނޭވާއެއް ބޭރުކޮށްލުމާއިއެކު ނިތްކުރިއަށް ޖަމާވެފައި ހުރި ރޫތަށް ސޮހިގެން ގޮސް ނިތްކުރިމަތި އޮމާންވެއްޖެއެވެ.

“ދެން ދަރިފުޅު ނުކުތަސް އެންމެ ރަނގަޅު، އިރާދަކުރެއްވިއްޔާ އެކަންތައް އެ ނިމުނީ، އާދޭ އެފަރާތަށް” އަންބަރު މިހެން ބުނެ ބަލްމާއަށް އައުމަށް އިޝާރާތްކޮށްލިއެވެ. އަވަސް ހިނގުމުގައި ބަލްމާ ކޮޓަރިން ނުކުމެގެން ސިޓިން ރޫމަށް އައެވެ. އޭނަގެ ނަޒަރު ފުރަތަމަވެސް ހުއްޓުނީ ބަތީލަށެވެ. އޭރު ދާރާ، ބަތީލަށް ޖޫސް ފޮދެއް ދެވޭތޯ އުޅެއެވެ.

“ބައްތު އެއްކޮށް ދެން ރަނގަޅުވީތަ” ބަލްމާ މަޑުމަޑުން ގާތުގައި ހުރި އަންބަރާއި ސުވާލު ކުރިއެވެ. އަންބަރު ދެލޯ މަރާލަމުން ބޯޖަހާލީ އާނއެކޭ ބުނުމަށެވެ. އެވަގުތު ދާރާ ވާހަކަ ދައްކަންފެށިއެވެ.

“އަންބަރުގެ އެހާ ގާތް އަންހެނަކަށް ހުންނާނީ ޚަދީޖާ، އޭނާގެ އެބުނާހެން އަންހެން ދަރިއަކު ހުންނާނެ، އެކުއްޖާގެ ލޮލުގައި އައިބުކަމެއް ހުންނާނެ، ބަލާއިރު ކުޑަ އަވަރުކަމެއް ހުންނާނެ، އެކުއްޖާ ފެންނަ މީހުނަށް އެކަން ފާހަގަ ކުރެވޭ ވަރަށް، މާ ހެޔޮބޮޑުވެގެން އުޅުނު ވައްތަރުވެސް މަށަށް އެނގުނޭ އޭނާ އެ އުޅުނީކީ ކޮންމެހެން އަހަރުމެންނަށް ހެވެއް އެދިގެނެއް ނޫންކަން، އަނެއްކާ ސުލައިމާނަށް އެނގޭތަ، އަހަރެންގެ ލޮލުން ދެކުނީ އަހަރުމެންނަށް ކާންދީފައި ބާކީ ހުރި ބައި ކުނި އެއްޗަށް އޮއްސާލި ތަންވެސް، އެވާހަކަވެސް މިހިރަ އަންބަރު ގާތު ބުނީމަ، ނުބައިމީސްވީ އަހަރެން، އަހަރެންވެސް މީހެއްގެ

ބޮލުގައި އެވަރުގެ ބޮޑު ތުހުމަތެއް ނާޅުވާނެ އެންނު، އެއީ ހަމަ ނުބައި އަންހެނަކީ، މިހާރު ދެން ކީކޭ އަންބަރު ބުނަންއޮތީ، އަހަރެން ދެން ދުވަހަކުވެސް ބޭނުމެއްނޫން އެ ރަށަށް ދާކަށް، އޭނާ އެ އުޅުނީ އަހަރުމެންގެ ދަރިން މަރަން ވެގެން، އިންސާނަކަށްވެސް ނުވެއެންނު، ރަޙުމުގެ ކަންފުޅެއްވެސް ނެތީވިއްޔާ، ގައިމު އޭނާއަކީވެސް އަންހެނެއް، ދަރިން އެބަތިބި، އަމިއްލަ ދަރިއަށް ކަމެއްވީމަ ހިތުގައި އަޅާ ވޭނާ ކެކުޅުން އޭނާއަށްވެސް ނޭނގިއެއް ނުހުންނާނެ، އެހެންވިޔަސް އޭނާ ހުރީ އެއްބަނޑު މީހާގެ ދިރިއުޅުން ހަލާކުކޮށްލަން ފައި ވިއްދާލާފަ، ދެން ކިހިނެއްވާނީ، ޔަގީނޭ އަންބަރަށް ކުރިއެރުން ލިބިދާނެތީވެސް އޭނާ ހުންނާނީ ކަންތައްކޮށްފަކަން، އެ ރަށުގައި ފެށި ކަންތައްވެސް ކުރިއަރައިގެން ދިޔަކަ އެ ޚަދީޖާއަށް ވެގެން ނުދޭނެ” ދާރާގެ ވާހަކަތައް އަންބަރު މެދުކަނޑާލިއެވެ.

“ދެން ހެޔޮ ދާރާ، އޭނާގެ ނުބައިކަން އެއީ އެގޮތަށް އަހަރުމެންނާ ދިމާކުރުން، އަހަރުމެން ބަޔަކަށް ދެރައެއް ދީފައެއް ނޯންނާނެ، އަދި އެފަދަ ކަމެއް ވުމަށްވެސް ނޭދެން، އެކަމަކު މީ ދުނިޔެ، ހުރިހާ ވައްތަރެއްގެ އިންސާނުން މި ދުނިޔެއަށް ފޮނުއްވާފައި ވޭ، މި ކަންވެސް މީ ﷲ ގެ މިންވަރު ފުޅު، އިރާދަކުރެއްވީތީ ވަގުތު ފާއިތު ނުވަނީސް މިކަމުންވެސް މި ސަލާމަތް ވެވުނީ އެންނު، އަހަރެންގެ ލޯވެސް ހުޅުވިއްޖެ، ބަލައިގެން އުޅެން ދެން އެނގޭނެ، ގާތަސް، ގާތް ކުރަންވީ ކޮންބައެއްކަން ވިސްނިއްޖެ، އެހެން މީހުނާއި ދިމާލަށް އެއްޗެހި ނުކިޔާ އަހަރުމެންވީ އަހަރުމެންގެ ދުލުން ހެޔޮ އެއްޗެއް ނޫނީ ނުކިޔާ ވޭތޯ ބަލަން، މި ކުދިން ކުރިއަށްވުރެވެސް ބޮޑަށް ދީނީ ކަންތައްތަކަށް ލޯ ހުޅުވައިދީ، އެކަންކަމަށް އަހުލުވެރި ކުރުވަން، އަތްދަށުން ކަންކަން ދޫވެގެން ދިއުން މަދުކުރަންވީ، މަޖުބޫރުކޮށްގެން ވިޔަސް ރަނގަޅު މަގަށް އެކުދިން އެޅުވުމަކީ އަހަރުމެންގެ ޒިންމާއެއް، މި ދިމާވި ކަންކަމުން އިބުރަތް ހާޞިލުކޮށް އިސްލާހުވާންވީ، އަހަރެން ބޭނުމެއްނޫން ދާރާ، ޚަދީޖާ އާއި ދިމާލަށް އެއްޗެހި ކިޔާކަށް، އޭނާ ކުރިކަމެއް އޭނާއަށް، ދުނިޔޭގައި ހުރިހާ ދުވަހަކު އޭނާ ބޭނުން ގޮތަކަށް އުޅެވި ދާނެ، އެކަމަކު މި ނޫން ދުވަހެއް ވޭ، މިއަދު އަހަރުމެންނަށް މިންވަރު ކުރެއްވި ގޮތާއިމެދު ޝުކުރުވެރިވުން މާ އަޢުލާކަން ބޮޑުވެގެންވޭ” އަންބަރުގެ ވިސްނުން ހުރިގޮތް އޭނާ ހާމަ ކުރިއެވެ. ސުލައިމާނުވެސް އެކަމާ އެއްބަސްވެ ދެތިން އެއްޗެއް ބުންޏެވެ. ބަލްމާ އާއި ބަތީލަށް ނަސޭހަތްތެރި ވިއެވެ. ކުރިއަށް އޮތްތަނުގައިވެސް މިފަދަ ކަންކަމުން ސަލާމަތް ވެވޭނީ ތިމާމެންގެ އުޅުންވެސް ރަނގަޅުކޮށްގެން ކަމުގައި ވިސްނައިދިނެވެ.

ރޭގަނޑުގެ ކެއުން ނިންމާލުމަށްފަހު ސުލައިމާނު ތަވީދު އެއްސުމަށްޓަކައި ރޮދި އޮޅަން ފެށިއެވެ. އެކަމުގައި އަންބަރު އެހީވަމުން ދިޔައެވެ. ބަތީލުގެ އުނަގަނޑުން ނެގި ތަވީދު ސުލައިމާނުގެ ޖީބަށް ލަމުން އޭނާ މުޅިން އައު ތަވީދެއް ތައްޔާރު ކުރިއެވެ. އަދި ބަތީލުގެ އުނަގަނޑުގައި އެޅުވިއެވެ. އެވަގުތު ދާރާ ވާހަކައެއް ދައްކަން އުޅުމުން އެކަން ސުލައިމާނު މަނާކުރިއެވެ.

“ޅިޔަނާ، މާދަމާ އުނިމާ ހޯދާ ފައި ބަހައްޓަންވާނެ، އިރުއޮއްސޭ އިރަށް އިރާދަކުރެއްވިއްޔާ އަހަރެން އަންނާނަން، މާދަމާ ރޭ ހުރިހާ ކަމެއް ނިންމާލެވޭނެ، މުޅި ގޭގައި ދުން އަޅާފަ އެންމެ ފަހުގެ ރައްކާތެރިކަން ބަހައްޓާނީ، އޭރުން ދެން އަހަރެން ކުރަން ހުރި ކަންތައްތައް ނިމުނީ، މިހާރުވެސް އިރާދަކުރެއްވީތީ މިކުދިން މިތިބީ ސަލާމަތްވެފަ” ސުލައިމާނު ބުންޏެވެ.

އެހެން ފަހަރު ފަހަރާއި ޚިލާފަށް ބަތީލުގެ ހަށިގަނޑަށް ކާއެއްޗެއް ދިއުން ލުއިވެ ފަސޭހަވެގެން ހިނގައްޖެކަން ޚުދު ބަތީލަށްވެސް ފާހަގަ ކުރެވުނެވެ. އޭނާއަށް ދިމާވަމުން އަންނަ ކަންތައްތަކުގެ ވާހަކަ އެހެން މީހުން ގާތުގައި ނުދެއްކިޔަސް އެކަމާ އޭނާ ވިސްނައެވެ. އަދި މައިންބަފައިން ދެއްކި ވާހަކަތައް އަޑުވެސް އެހިއެވެ. ދެވަނަ ފަހަރަށް މިފަދަ ބިރުވެރި ކަމަކާ ދިމާވާކަށް އެއްގޮތަކަށްވެސް ބަތީލު ނޭދެއެވެ. އެހެން އެކަން ވާން އޮތީ އޭނާގެ  އަޙްލާގު ރަނގަޅުކޮށްގެންކަން އޭނާއަށް އެނގެއެވެ. ދީނީ ކަންތައްތަކާއިމެދު ފުރަތަމަ ފަހަރަށް ބަތީލަށް ވިސްނާލެވުނެވެ. ނަމާދު ކުރުމާ ޤުރުއާން ކިޔެވުމުގެ މުހިންމު ކަމެވެ. ހެޔޮ އެއްޗެއް ކިޔަން ބޭނުން ވިޔަސް ހިތަށް ހެޔޮ އެއްޗެއް ނާރަނީ އެފަދަ އެއްޗެހި ކިޔާ ނޫޅޭތީކަން އޭނާއަށް މިއަދު ވިސްނިއްޖެއެވެ. ހަމަ އެގޮތަށް ބަލްމާގެ ހާލަކީވެސް އެއީއެވެ. ވޭތުވެގެން ގޮސްފައިވާ ދުވަސްތަކުގައި އުޅެވުނު ގޮތާއިމެދު އޭނާވެސް ވިސްނިއެވެ. މައިންބަފައިންގެ ވާހަކަތަކަށް ބީރު ކަންފަތެއް ދޭން އާދެވެފައި ހުއްޓެއް ކަމަކު މިހާރު ހެވާއި ނުބައި ވަކިވެއްޖެއެވެ. ރަނގަޅު މަގަށް އެނބުރި އައުމަށް ފުރުޞަތު ލިބިއްޖެއެވެ.

“ބަލްމާ، މިތާ ކޮއްކޮ ގާތު މަޑުކޮށްލާ، މަންމަ އެބަ އަންނަން ސުލައިމާނުބެ އާއި ވާހަކަ ދައްކާލާފަ، އޭނާ އެއުޅެނީ މިހާރު ދާންވެގެން، ގިނަ އިރެއް ނުވާނެ އެނގޭ” ދާރާ އަތުލަފި ކޮށްލައިގެން ގެނެސް ބަތީލު އެނދުގައި ބާއްވާފައި ބަލްމާއަށް ބަލާލަމުން ބުންޏެވެ. މަޑުން މަޑުން ބަލްމާ ބޯޖަހާލީ ދާރާއަށް ޖަވާބު ދިނުމުގެ ގޮތުންނެވެ.

ދާރާ އެނބުރި ސިޓިން ރޫމަށް އައި އިރު އަންބަރު ހުރީ ދެކޮޅަށް ހިނގާލަ ހިނގާލައެވެ. މޫނު މަތިން ފެންނަން ހުރީ ހާސްކަމުގެ ނިޝާންތަކެވެ. ސުލައިމާނުވެސް އިނީ ކަންތައް ބޮޑުވެފައި އިން ކަހަލަގެ ގޮތަކަށެވެ. ދާރާ ފެނުމުން އެ ދެމީހުން އެއްފަހަރާ ދާރާ އާއި ދިމާލަށް ބަލާލިއެވެ.

“ބިންޏާ މީނީ ފްލައިޓުގައޯ، މިރޭ އެއްގަޑި ބައި ނޫނީ ދޭއް ޖަހާއިރު މިރަށަށް އެރާނެ ވާހަކަ ދެންމެ ގުޅާފަ އެބުނީ” އަންބަރު ވަގުތުން ބުނެފިއެވެ.

“ހާދަ ފަހަކުން، ގައިމު ކުރިއަކުން ނުބުނޭ ދޯ މިރޭ މިކޮޅަށް އަންނާނެއެކޭ، ދެން ކިހިނެއް ހަދާނީ” ދާރާވެސް ކަންބޮޑުވިއެވެ.

“ކޮންމެ ގޮތެއް ހަދާފަވިޔަސް އޭނާ ބަލާ ދާންޖެހޭނެ އެންނު، އެކަމަކު ސުލައިމާނު އެބުނީ މިރޭ އެހާ ރަނގަޅެއް ނޫނޭ” މިހެން ބުނެ އަންބަރު ބަލާލީ ސުލައިމާނަށެވެ.

“ސުލައިމާނު، މިކަން ނިމުނީކީ ނޫންތަ” ދާރާ ސުވާލުގެ ނަޒަރަކުން ސުލައިމާނަށް ބަލާލިއެވެ.

“ދައްތާ، އެމީހުންގެވެސް ޢާއިލާ އޮންނާނެ ދޯ، އަހަރުމެންގެ މެދުގައިވެސް ދީން ބަދަލުކޮށް ކަންތައް ކުރީމަ އެހެން މީހުންގެ ނުފޫޒު ފޯރަ އެންނު، އެހެންވެ މިރޭ ބޭރަށް ނުކުތުން އެހާ ރަނގަޅު ނޫނީ، މިރޭ އެމީހުން ތިބޭނީ ވަގުތަކަށް ބަލަބަލާ، އަނެއްކާ ބިންޏާ އެ އަންނަނީ އެންމެ ނުބައި ގަޑިއަށް، އަހަންނަށް ހީވަނީ މިވީ ގޮތުން އަހަންނަށް ޖެހޭނީ މިރޭ މިގޭގަ މަޑު ކުރަންހެން، އޭރުންތާ ޅިޔަނު ރައްކާތެރިކޮށްފައި މިގެއިން ނެރެވޭނީ، އަނެއްކާ އެމަންޖެ ގޮވައިގެން އައީމަ ދެމީހުން އެކުގައި ގެއިން ބޭރުގައި ބަހައްޓާފަ ކަމެއް ކޮށްފަ އެތެރެއަށް ވައްދަންވެސް ވާނީ” ސުލައިމާނު ބުންޏެވެ.

“ދެން އެހެންވީރު ސުލައިމާނު މަޑުކުރަންވީނު، ދައްތަގެ އެއްވެސް މައްސަލައެއް ނެތޭ، މިކަން ކޮންމެވެސް އެއްކޮޅެއްގައި ޖައްސައިދޭންވާނެ، ގޭގައި ތިބި ދެބެން ރަނގަޅުވާއިރަށް އަހަރެން ބޭނުމެއްނޫން ދެން ހުރި ކުއްޖާއަށް މިކަމުގެ އަސަރު ފޯރާކަށް، ސުލައިމާނު ކުރަން ޖެހޭ ކަމެއްވިއްޔާ ކުރޭ، އެކަމަށް އެހީއެއް ބޭނުންވާނަމަ އެކަންވެސް ކޮށްދޭނަން” ދާރާ ހިތްއަވަސްވެފައި ހުރި ފަދަ ގޮތަކަށް ވާހަކަދެއްކިއެވެ.

ބިންޏާ އަންނަން ވާއިރަށް ސުލައިމާނު ތައްޔާރުވެލިއެވެ. މި ރަށަށް އައުމަށް ބިންޏާ އާއި އޭނާ އާއިއެކު މިރަށުން ދިޔަ ހުރިހާ އެންމެން ލޯންޗަށް އެރިކަން އެނގުނީސް ސުރެން، އަންބަރު، ސުލައިމާނުގެ އެދުމަށް ބިންޏާ ހުރި ހިސާބެއް ފޯނުން ބަލަމުން ދިޔައެވެ. ރަށަށް ފައިބަން ވާއިރަށް ފާލަން ދޮށަށް އަންބަރު ފޮނުވީ ފެންފުޅިއެއް ދީފައެވެ. އޭގެން ބައެއް ބިންޏާއަށް ބޯންދިނުމަށްފަހު ދެފައި ދޮއްވާލުމަށް ސުލައިމާނު ވަނީ ބުނެފައެވެ. އަދި މަޑުކުރުމެއް ނެތި އަވަސް ހިނގުމުގައި އަންބަރު ބަރާބަރު ގަޑިއަށް ފާލަން ދޮށަށް ދާންވާނެ ކަމަށްވެސް ސުލައިމާނު ބުންޏެވެ. އެއީ ބިންޏާ ފާލަމުން ރަށުގެ ފަސްގަނޑަށް ފައިބަން ވާއިރަށް އެކުރާ ކަމެއް ކުރަން ޖެހޭތީއެވެ. ސުލައިމާނު، އަންބަރުވެސް ރައްކާތެރި ކުރިއެވެ. އެގޮތުން ދާރާ އަތުން ހޯދި ފޮތިގަނޑެއް އަންބަރުގެ ބޮލުގައި ސުލައިމާނު ކިޔަވާފައި ފަގުޑިއެއްހެން އެޅުވިއެވެ. ނަމަނަމަ އެ ބޮލުން ނުނެގުމަށް ސުލައިމާނު އެތަށް ފަހަރަކު ބުންޏެވެ. ނޭވާ ހިފަހައްޓާލައިގެން ހުރެ އަންބަރު ގެއިން ނުކުމެގެން ބަނދަރު މައްޗާއި ދިމާލަށް ދާން ހިނގައިގަނެއްޖެއެވެ.

ނަސީބު ރަނގަޅު ކަމުން އެއްވެސް ކަމެއް މަގުމަތިން ދިމައެއް ނުވެއެވެ. އަމާންކަމާއިއެކު ފާލަން ދޮށަށް ދެވުނު އިރު ބިންޏާމެންގެ ލޯންޗު ފަޅަށްވަދެއްޖެއެވެ. އެހެންވެ އަވަސް އަވަހަށް އައިސް ފާލަން މައްޗަށް އަރާ ހުރިއެވެ. އެތަނުގައި އަންބަރު ފަދައިން އެހެން ދެތިން މީހުންވެސް ތިބި ތަން ފެނެއެވެ. އެކަމަކު އެމީހުން ތިބީ ރަށުގެ އެއްގަމާ ވީފަރާތުގައެވެ.

“ދަރިފުޅާ ބިންޏާ، އެހަށް މިކޮޅުގައި މަޑުކޮށްލަބަލަ” ބިންޏާ ލޯންޗުން ފޭބުމުން އޭނާގެ ފޮށީގައި އަންބަރު ހިފާ ލޯންޗުން ބޭލުވިއެވެ. އަދި ބިންޏާ ހިނގައިގަންނަން އުޅުނުހެން ހީވެ އޭނާގެ އަތުގައި އަންބަރު ހިފިއެވެ.

“ކިހިނެއްވީ ބައްޕާ” ބިންޏާ ހައިރާންވެފައި އަހާލިއެވެ. ނަމަވެސް އަންބަރު އަނގައިން ނުބުނެ މަޑުކޮށްލީ ފާލަން މަތިން މީހުން މަދުވަންދެނެވެ. އެވަގުތު ބިންޏާގެ ނަޒަރު ހުއްޓުނީ އަންބަރުގެ ބޮލުގައި އޮތް ފަގުޑިއަށެވެ. އަންބަރު މީގެ ކުރިން ދުވަހަކުވެސް އެޅި އެއްޗެއް ނޫންވީމާ، އެކަމާ ސުވާލު ކުރަން ބިންޏާގެ ހިތަށް އެރިއެވެ. އެހެނެއްކަމަކު އޭނާއަށްވެސް މަޑުކޮށްލެވުނީ މީހުން މަދުވެލަންދެނެވެ. އެއްވެސް މީހަކު އެތަނުގައި މަޑުކުރާކަށް ނޫޅެއެވެ. ކޮންމެ މީހަކުވެސް ދެފަޔަށް ބާރުލާފައި ހިނގައިގަތީ އަވަހަށް ގޭ ދޮށަށް ދާށެވެ. ވަގުތުގެ ގޮތުން ކަމަށްވެސް ވެދާނެއެވެ. ފާލަމާ ކައިރިކޮށްފައި އޮތް ލޯންޗުވެސް ނައްޓާލައިފިއެވެ.

“އަން، މި ފެން ފުޅިން އެއްބައި ދަރިފުޅު ބޯލާފައި ބާކީ ހުރި ބައިން ދެފައި ދޮވެލާ” ބިންޏާއަށް އަނގައިން ނުބުނެވިގެން އުޅެނިކޮށް އަންބަރުގެ އަތުގައި އޮތް ފެންފުޅި ބިންޏާއަށް ދިއްކޮށްލިއެވެ.

“މީ ކީއްކުރާ ފެނެއް، އެހެންނޫނަސް ކިހިނެއް ފައި ދޮންނާނީ، ބައްޕާ، އަހަރެން މިހިރީ ބޫޓަށް އަރައިގެންނޭ، އަނެއްކާ ބޮލުގައި ތިހުރީ ކޮންކަހަލަ އެއްޗެއް އަޅައިގެން” ބިންޏާ އިތުރަށް ހައިރާންވެފައި ހުރެ ބުންޏެވެ.

“ބަލަ ބޫޓުން ފައިބާފަ ފައިދޮވެވިދާނެ އެންނު، ދެން އެކުން މާގިނަ ސުވާލު ނުކޮށް ބައްޕަ ބުނިހެން ކަންތައްކޮށްބަލަ، އަވަހަށް ގެއަށް ދެވޭނީ އޭރުންނޭ، މީ ދަރިފުޅުގެ ރައްކަލަކަށް ކުރާ ކަމެއް” އަންބަރުގެ ވާހަކަ ހުރިގޮތުން ބިންޏާގެ ސިކުނޑީގައި އެތަކެއް ސުވާލުތަކެއް އުފެދުނެއް ކަމަކު ފެންފުޅިން ކުރަން ޖެހޭ ކަންތައް ކޮށްފިއެވެ. ބޫޓުން ފައިބައި ފާލަންމަތީ ދެފައި ހަމަޖައްސާލާފައި ދެފަޔަށް އެކުއެކީގައި ހެން ފެން ފުޅީގައި ބާކީ ހުރީ ފެން އަޅައިލައިފިއެވެ.

“ހިނގާ ދަމާ، ގެ އަށް ވަދެވެންދެން ބައްޕަގެ އަތުން ދޫކޮށްނުލާތީ އެނގޭ” އަންބަރު މިހެން ބުނެ ބިންޏާގެ ފޮށި އެއްއަތުން ހިފައިގެން އަނެއް އަތުން ބިންޏާގެ އަތުގައި ހިފައިގެން ގެ އަށް އައުމަށް މިސްރާބު ޖެހިއެވެ. ގެ އާއި ވަރަށް ކައިރިވެފައި ހުއްޓާ ބާރު އަޑަކުން ބުޅަލެއް ހޭރިގަތް އަޑުއިވުނެވެ. ސިއްސައިގެން ދިޔަ ބިންޏާ ފަހަތަށް ޖެހިލި ވަގުތު އަންބަރުގެ އަތުން ބިންޏާގެ އަތް ދޫވާން އުޅުނެވެ. އެ ހިނދު ފަރުވާވެހުރި އަންބަރު އަވަސް އަވަހަށް ބިންޏާގެ އަތްތިލަ އަށް ބާރުލަމުން ހިފާލިއެވެ.

“ބިންޏާ، ބައްޕަ މިހިރީނު، ފަސްޖެހޭނެ ކަމެއްނެތް، ގެ އާއި މިއޮތް ކައިރިވީ، މިގަޑީގަ އާމުގޮތެއްގައި ބުޅާ އެއްޗެހި ވަރަށް ގިނަވާނެ” އަންބަރު، ބިންޏާގެ ހިތްހަމަ ޖައްސާލަދޭން އުޅުނު ކަހަލައެވެ. ބިންޏާ އެއްވެސް އެއްޗެއް ނުބުނެ އަންބަރާއި އެކު ހިނގަމުން އައިސް ގޭގެ ގޭޓު ކުރިމައްޗަށް މަޑުކޮށްލައިފިއެވެ. ގެއަށް ވަންނަން ނޫޅެ އަންބަރު ފޮށީގެ އަތްގަނޑު ދިއްކޮށްލީ ބިންޏާއަށެވެ. އޭގައި ބިންޏާ ހިފުމުން ޖީބުގައި އޮތް ފޯނު ނަގައި ސުލައިމާނަށް ގުޅިއެވެ. އެއަށްފަހު އަނެއްކާވެސް ބިންޏާގެ އަތުން ފޮށި އަތުލައިފިއެވެ. ގިނައިރެއްނުވެ ސުލައިމާނު ނުކުތެވެ. އަންބަރާއި ބިންޏާގެ ވަށައިގެން ބުރެއް ކުރަހާ ހިފައިގެން ހުރި ފެންތަށިން ފެން ބުރުވަން ފެށިއެވެ. ދެމީހުންގެ ވަށައިގެން ސުލައިމާނު ތިން ފަހަރަށް އެނބުރުނެވެ. އޭގެ ފަހުގައި ކޮންމެ މީހަކުވެސް ބުރުން ބޭރަށް ފިޔަވަޅު ނަގާގޮތަށް ގޭޓުގެ އެތެރެއަށް ފިޔަވަޅު އެޅުމަށް ބުންޏެވެ. އަންބަރާއި ބިންޏާ ކަންތައް ކުރީ ހަމަ އެހެންނެވެ. ސުލައިމާނު ކުރީގައި ހުރެ އައިސް ސިޓިން ރޫމުގެ ދޮރު ހުޅުވީވެސް ކިޔަވާފައެވެ. އަދި އޭގެ ފަހުގައި އޭނާ އެ ކިޔާ އެއްޗެއް ކިޔަމުން އަންބަރާއި ބިންޏާ ފަހަރަކު މީހަކު އެތެރެއަށް ވެއްދިއެވެ.

“މިގޭގެ ދޮރު މިރެއަށް އަހަރެން މި ބަންދުކުރީ، އެކަކުވެސް ބޭރަށް ދެން ނުކުމެގެން ނުވާނެ، މި ދޮރު ހުޅުވާނީ އަހަރެން ފަތިސް ނަމާދަށް ދަމުން” ސުލައިމާނު އެތެރެ އަށް ވަދެ ސިޓިން ރޫމުގެ ދޮރު ލައްޕާލާފައި ބުންޏެވެ. އެތަނުގައި ދާރާ މަޑުކޮށްލައިގެން ހުއްޓެވެ. އަންބަރާއި ސުލައިމާނު ވާހަކައިގައި އައިސް ސިޓިން ރޫމު ސޯފާގައި އިށީނެވެ. ދާރާ ހިނގައިގަތީ ސުވާލުން ފުރިގެންވި ބިންޏާ އާއިއެކު އޭނާގެ ކޮޓަރިއަށެވެ.

“މަންމާ، މީ ކޮން ކަންތައްގަނޑެއްތަ، ފަންޑިތަ ހަދަނީތަ، ސުލައިމާނުބެ މިގެއަށް ގެނައި ކާކު” ބިންޏާއަށް ސުލައިމާނަކީ ޢާއިލާގެ ކިހާ ގާތް މީހެއްކަން އެނގެއެވެ. އޭގެ އިތުރުން އޭނާއަކީ ވަރަށް މޮޅަށް އަތްބަލާ ފާލުބަލާ ހަދާ މީހެއްކަންވެސް އެނގެއެވެ. ގިނަ ފަހަރަށް އޭނާ ކުރަނީ އަންހެން ކުދިންގެ ހިތް އަތުލަން ކުރާ ކަންތައްތައްކަންވެސް ބިންޏާއަށް އެނގެއެވެ. މި ނޫނީ ސުލައިމާނު އެގެއިން ފެނިފައެއް ނުވޭވިއްޔާއެވެ. އެހެންވެ ހުރިހާ ކަމަކަށްވުރެ ބޮޑު ސުވާލު މާކެއް އޭނާ އާއިމެދު އުފެދުނެވެ.

“ދަރިފުޅު ހުރި އިރުވެސް ނޭނގޭތަ ބަލްމާއަށް ކަމެއް ދިމާވެގެން އުޅޭކަން” ދާރާ ބުނި އެއްޗަކުން ބިންޏާގެ ދެލޯ ބޮޑުވެ ހައިރާންކަން އިންތިހާއަށް ދިޔައެވެ.

“ކޮންކަމެއް، ބަލްމާ އަށް ކިހިނެއްވީ” ބިންޏާ އަވަސް އަވަހަށް އަހާލިއެވެ. އެއާއިއެކު ދާރާ ހުރިހާ ވާހަކައެއް ބިންޏާއަށް ކިޔައިދީފިއެވެ. އެއިން އެއްވެސް މަންޒަރެއް ލޮލަށް ނުފެންނާތީ ބިންޏާއަށް ކުރި އަސަރު ވަރަށް ބޮޑުތަން ކުޑައެވެ. އެހެންނަމަވެސް އޭނާ ހުރީ ކަންބޮޑުވެފައެވެ. އަވަސް އަވަހަށް ދާރާ އާއިއެކު ކޮޓަރިން ނުކުމެގެން އައިސް ދާރާގެ ކޮޓަރިއަށް ވަނެވެ. އެތަނުގައި ބަލްމާ އާއި ބަތީލު ތިއްބެވެ. ބަތީލު ފެނިފައި ބިންޏާއަށް ފިނި ނޭވާއެއް ބޭރުކޮށްލެވުނެވެ. ހަށިގަނޑުގައި ހުރި ލޯލިތައް ކޮޅަށް ޖެހުނުފަދަ އިޙްސާސެއް އޭނާއަށް ކުރުވިއެވެ. ބަތީލުގެ ހަށިގަނޑަށް އައިސްފައިވާ ބަދަލު ފެނިފައެވެ.

“ނަސީބެންނު އަހަންނަށް އެ ރަށަށް ނުދެވުނު ކަން، އެހެންނޫނީ މަށަށްވެސް…” ބިންޏާ ބުނަން އުޅުނު ޖުމްލަ އެހިސާބުން ހުއްޓާލީއެވެ. އިތުރަށް އެއްޗެއް ނުބުނެ އައިސް ބަތީލުގެ ގާތުގައި އިށީނެވެ. އަދި މިހާރު ޚާލު ކިހިނެއްތޯ އެހިއެވެ. ބަލްމާއަށް ބަލާލަމުން ޝަކުވާވެސް ކުރިއެވެ. އެވަރު ކަމެއް ވާއިރު ބިންޏާގެ ގާތުގައި ނުބުނެގެންނެވެ. ޢާއިލާއަށްވުރެ ގާތް ރަޙުމަތްތެރިން އިސްކުރީތީ އޭނާ ވަރަށް ދެރަވެއްޖެ ކަމެވެ. ބަތީލާއި ބަލްމާ އަނގައިން ބަހެއްވެސް ނުބުނެ ތިއްބެވެ.

ރޭގަނޑުގެ ބާކީ ދަން ހުސްވެގެން ދިޔައިރު މުޅި ގެއަށް އަމާންކަން ވެރިވެފައި ވާކަހަލައެވެ. ބިންޏާވެސް ނިދީ އޭނާގެ ކޮޓަރީގެ ދޮރު ހުޅުވާލާފައި ބަހައްޓައިގެންނެވެ. ސިޓިން ރޫމުގައި އަންބަރާއި ސުލައިމާނު ނިދާފައި ތިއްބެވެ. ދާރާގެ ކޮޓަރީގައި ދެފަރާތަށް ދެކުދިން ލައިގެން ދާރާވެސް އޮތީ ނިދާފައެވެ. އެންމެނަށް ހޭވެރިކަމެއް ވީ ފަތިހުއެވެ. އެންމެން އެކުގައި ފަތިސް ނަމާދުކޮށްލައިގެން ބަލްމާ އާއި ބަތީލު އަނެއްކާވެސް އޮށޯތީއެވެ. އެކުދިން ވަރުބަލި ވާނެ ވަރު ދާރާއަށް ވިސްނޭތީ އެކަމާ އެއްޗެއް ނުބުންޏެވެ. ހެނދުނުގެ ސައިހަދަން އުޅެފައި ކަމެއް ހަނދާންވެގެން ބަލާލާފަދަ ގޮތަކަށް ސުލައިމާނަށް ދާރާ ބަލާލިއެވެ.

“ސުލައިމާނު، ރޭގަވެސް އަހަން ހުރީ، އެކަމަކު ފަހުން ހަނދާން ނެތުނީ، ކީއްވެތަ ބަތީލު ވިއްސީކީ، އަނެއްކާ ބަނޑުބޮޑުވީތަ” ރޮށި ތަށި ހިފައިގެން އައިސް ކާމޭޒުމަތީ ބަހައްޓަމުން ދާރާ އެހިއެވެ.

“ޖިންނީންގެ ތެރޭގައި އުޅޭނެ އެކި ވައްތަރު ވައްތަރުގެ އެއްޗެހި، އެތަނުން އެއް ވައްތަރެއް އެއީ، އެ ސޮރުމެން ތިބޭނީ އެގޮތަށް ހަށިގަނޑަށް ވަދެ، އުޅޭނީވެސް އެހެން، ސަކަރާތްވާ ގަޑީގައި ކުއްޖާގެ ބަނޑު ފުއްޕާނީވެސް، ހީވާނީ މާބަނޑު އަންހެނެއް ހެން، ދެން ޖެހޭނީ ކިޔަވައިގެން ވިއްސަން، އެނޫން ގޮތަކަށް ނުނެރެވޭނެ، ދުއްޕާން ބޮޑު އެއްޗެހިން ތަކެއް އެއީ، އެންމެ ނުބައި ވައްތަރުގެ ސިހުރު އެބަޔަކު އެ ހަދަނީ، އެހެންވީމަ ކުއްޖާއަށް މިވަރު އެ ކޮށްލަނީ، އެބުނީ ވިއްޔަ މަރަންށޭ ހިފާލާމަ މިހިރީ، މަ ހަމަ އަޖައިބުވި” ސުލައިމާނު ބުންޏެވެ.

“އާން، ދެން އެކަމަކު ކީއްކުރާނީ، އަހަރުމެންނަށް އޮތީ އަހަރުމެން ރައްކާވެ ތިބުމެންނު، އެކަމަކު ސުލައިމާނު، ދައްތަ އަށް ވާނެ ކަމެއްކޮށްދެން، އެއީ، އެމީހުން ކޮންމެ ކަމެއް ކުރިޔަސް މިހިސާބަށް އެކަމަކަށް ނާދެވޭނޭ ގޮތް ހަދައިދިނުން، މާ ކަންތައް ބޮޑުވެއްޖެއްޔާ އަނބުރާ އެކޮޅަށް ފޮނުވާލާނީ، މުޅި އުމުރު ދުވަހު މިގޮތަށް އަހަރުމެންގެ ދިރިއުޅުމާ ނުކުޅެވޭނެ ގޮތް ހަދައިދޭންވާނެ” ދާރާ މިހެން ބުނުމުން ސުލައިމާނު ބޯޖަހާލިއެވެ.

ޖެހިގެން އައިރޭވެސް ސުލައިމާނު ދާރާ މެންގެއަށް އައެވެ. ހޯދައިފައި ހުރި އުނިމާ ތަކުގެ ބޭނުން ކުރުމުގެ ކުރިން ސުލައިމާނު މުޅިގޭގައި ދުން އެޅިއެވެ. ދެބައިކޮށްފަ އެއްބަޔަށްވުރެ ގިނަ ވާވަރަށް ވެލި އަޅާފައި ހުރި ދަޅެއްގެ ތެރެއަށް އަނގުރު އަޅައިގެން އޭގެ ތެރެއަށް ހުދަންބަރާއި ހުދުކާފޫރާއި އަދިވެސް އެހެނިހެން އެއްޗެހި އަޅައިގެން އެ ދަޅު ހިފައިގެން ސުލައިމާނު މުޅި ގޭތެރޭގައި ހިނގިއެވެ. އެންމެ ފުރަތަމަ ފެށީ ބަލްމާ އާއި ބަތީލުގެ ކޮޓަރިންނެވެ. ދެން އަންބަރާއި ދާރާގެ ކޮޓަރިއެވެ. އެގޮތަށް ފަހަރަކު ކޮޓަރިއަކަށް ވަންނަމުން އައިސް ސިޓިން ރޫމުން ބޭރަށް ނުކުމެ ގޯތީގެ ވަށައިގެން ދުން އެޅިއެވެ. އެކަން ކޮށްލުމުންވެސް ގޭތެރެ އަލިވެގެން ދިޔަހެން ދާރާއަށް އިޙްސާސް ކުރެވިގެން ދިޔައެވެ. ހަށިފުރާ ހަމަޖެހުމުގެ ނޭވާއެއް އޭނާއަށް ބޭރުކޮށްލެވުނެވެ. ސުލައިމާނު ދުންއެޅުމަށްފަހު އޭނާ ގެނައި އެއްޗެހި ތަކެއް ގޭގެ އެކި ތަންތަނުގައި ހަރުކުރަން ބުންޏެވެ. އެ ތަކެތި ހަރުކުރުމުގެ ހުރިހާ މަސައްކަތެއް ކުރީވެސް ޚުދު އޭނާއެވެ. އެކަމަށް އަތްގާތްކޮށްދޭން އަންބަރު ހުއްޓެވެ. އޭގެ ފަހުގައި އުނިމާތަށް ހިފައިގެން އައިސް ފެންބާލިދީއަކަށް ކިޔަވަން ފެށިއެވެ. އަދި ފަހަރަކު މަލެއް ކިޔަވަމުން ފެން އެއްޗަށް ވައްޓަމުން ދިޔައެވެ. ކިޔަވާ ނިމުމުން ހަތިމު ލައްޕާ ލާފައި ކުރިމަތީ ހުރި ކުޑަމޭޒުމަތީ ބާއްވާލިއެވެ. އޭރު ބާކީވެފައި ބައެއް އުނިމާ ހުއްޓެވެ. ފެން ބާލިދީ ހިފައިގެން ސުލައިމާނު ފާޚާނާއަށް ވަދެ ފަހަރަކު ކުއްޖެއްގެ ގަޔަށް އަޑުހަރުކޮށް ކިޔަވަމުން ފެންއަޅަން ފެށިއެވެ. މިގޮތުން ދާރާ އާއި ބިންޏާގެ ގަޔަށްވެސް ފެންއެޅިއެވެ. ނަމަވެސް އަންބަރުގެ ގަޔަށް ފެންއަޅަން އޭނާ ޤަބޫލެއް ނުވިއެވެ. އެކަމާ ސުލައިމާނުވެސް މާބޮޑު ބާރެއް ނާޅެއެވެ. އިޝާ ނަމާދުން ފައިބައިގެން އައިސް ކުރަން ފެށި ހުރިހާ ކަމެއް ނިންމާލެވުނު އިރު ބާރަ ޖަހަނީއެވެ. އެހެންނަމަވެސް ސުލައިމާނު ހުރީ ހިތްހަމަ ޖެހިފައެވެ.

“މި ނިމުނީ” ސޯފާގައި ހަމަޖެހިލަމުން ސުލައިމާނު ބުންޏެވެ.

“ޔަގީން، ދެން ނުޖެހޭނެތަ އެއްވެސް ކަމެއް ކުރާކަށް” ތެތް އެއްޗެހި ބަދަލުކޮށްގެން އައިސް ހުރި ދާރާ ބުންޏެވެ.

“ޔަގީން ދައްތާ، ދެން ނުކެރޭނެ އެހެން ފާޑު ފާޑު ދައްކާކަށް، އަހަރުމެން ނުބައިވެއްޖެއްޔާ މާ ނުބައިވާނެ، ދޯ ޅިޔަނާ” ސުލައިމާނު ފޮނިގޮތަކަށް ބުންޏެވެ.

“އެނގިދާނެތާ” ދާރާ ހީނލާފައި ބުންޏެވެ.

* * * *

ތިންމަސް ވެގެން ދިޔައިރު އަދިވެސް ބަތީލަށް ގެއިން ބޭރަށް ނުކުންނާކަށް ނުކެރެއެވެ. ދާރާއަށްވެސް އެހުރިހާ ކަމެއް ހިތުން ފިލުވާލުން ފަސޭހަ ކަމަކަށް ނުވިއެވެ. ކިރިޔާ އަޑެއް އިވުނަސް މިހާރު ސިހިއެވެ. އެހެންނަމަވެސް ސުލައިމާނު އެންމެ ފަހުގެ ކަންތައް ބަހައްޓާފައި ދިޔަފަހުން އެއްވެސް އުނދަގޫތަކެއް ދިމައެއް ނުވެއެވެ. ދޭތެރެ ދޭތެރެއިން ސުލައިމާނު މިހާރުވެސް އެގެއަށް އާދެއެވެ. ކަންތައްތައް ރަނގަޅަށް ދިޔައީތީވެ ދާރާގެ އެދުމަށް ގިނަ އަދަދެއްގެ ފައިސާގެ ހަދިޔާއެއް އަންބަރު، ސުލައިމާނަށް ދިނެވެ. އެ ޢާއިލާއަށް އަލުން ދުނިޔެއަށް އާދެވުނު ކަހަލައެވެ. ކޮންމެ މީހަކަށް ކުރެވެނީ އެފަދަ އިޙްސާސެކެވެ. ބަލްމާ އާއި ބަތީލު އެކުދިންގެ ކޮޓަރިއަށް ނިދަން ބަދަލުވިތާ އަދި މަސްދުވަސްވެސް ނުވާނެއެވެ. އެކުދިން ނިދަނީ ހޮޅިބުރި ދިއްލައިގެން ތިބެއެވެ.

ބަލްމާ އާއި ދިނާރުގެ ކައިވެނި ވަނީ ދެ ޢާއިލާގެ އެއްބަސްވުމާއިއެކު އަންނަ ހޯމަ ދުވަހު ކުރެވޭގޮތަށް ނިންމާފައެވެ. ކައިވެނި ކުރުމުގެ ހަފްލާ އޮތީ ބަލްމާމެން ގޭގައެވެ. ހިތް ނުތަނަވަސް ކުރުވި ބިރުވެރި އެތަށް ހާދިސާއަކަށްފަހު އުފާވެރިކަން ގޭތެރެއަށް ވެރިވެއްޖެއެވެ. އަމާންކަމާއި ހިތްހަމަޖެހުމުގެ މާހައުލަކަށް ގޭތެރެ ވެގެން ހިނގައްޖެއެވެ.

ސުލައިމާނު، ދާރާ މެންގެއަށް އައި ފަހަރަކު މިންހާޖުގެ ޚާލުގެ ވާހަކަ އޮޅުން ފިލުވައިދިނެވެ. އެ ސޮރު ދުނިޔޭން މޮޔަނުވެ ހުއްޓާ ސަލާމަތްކޮށްދިން ވާހަކަ ބުންޏެވެ. އެތަށް ފަހަރަކު އޭނާގެ ގާތަށް އައިސް އާދޭސް ކުރި ފަހުންނެވެ. އަދި މިންހާޖު އެފަދަ ކަމެއް ދެން ކޮށްފިއްޔާ ސުލައިމާނަށް އެނގޭނެޔޭ ކިޔާ ބިރުވެސް ދެއްކި ކަމަށް އޭނާ ބުންޏެވެ. އެހެންވެއްޖެ ނަމަ އޭނާއަށް ދިމާވި ކަންތަކަށްވުރެ ބޮޑު ކަމަކަކާ ކުރިމަތި ލާން ޖެހިދާނެއޭވެސް ސުލައިމާނު ބުނި ވާހަކަ ދާރާމެންނަށް ކިޔައިދިނެވެ.

މުޅި ހަޔާތް އެފުށް މިފުށަށް ޖަހާލުމަށްފަހު އުފާވެރިކަން ވެރިވުމުންވެސް އެކަމުގެ އަސަރު އެންމެ ކުޑަކޮށް ފެންނަނީ ބަތީލުގެ ހަރަކާތްތަކުންނާއި މޫނުމަތިންނެވެ. ވާނީވެސް އެހެންތާއެވެ. ބަތީލު ބިރުގެންފައި އެވަނީ ހަޔާތުގައި ދުވަހަކުވެސް މީހަކު ބިރު ގަނެފައި ނުވާ މިންވަރަށެވެ. އަނދިރީގެ ތެރޭގައި ފޮރުވިފައިވާ އެތަށް ބިރުވެރިކަންތައްތަކެއް ވާކަން އިޙްސާސް ކުރެވުމަށްފަހު އެކަންތައްތައް މަތިން ހަނދާން ނައްތާ ލުމަކީ ވާނޭ ކަމެއްނޫނެވެ. އޭނާ އަނދިރި ދެކެ ގަންނަ ބިރު ދުވަހަކުވެސް ފިލައިގެން ދާނޭ ހެނެއް ހިޔެއްނުވެއެވެ.

އިންސާނުން ދުނިޔެއަށް ފޮނުވުނީ ﷲ އަށް އަޅުކަން ކުރުމަށެވެ. ދީނާއި އެ ދީނުގައި އަންގަވާފައިވާ ކަންތައް ތަކާއި ދުރުހެލިވުމުން އެމީހަކަށް ކޮންމެފަދަ ދެރަ ކަމަކާވެސް ކުރިމަތިލާން ޖެހިދާނެއެވެ. ވީއިރު އަޅުކަމާއި ދުރުހެލި ވުމުގެ ބަދަލުގައި ތަޤުވާވެރި އަޅަކަށް ވެވޭތޯ ކޮންމެ އިންސާނަކުވެސް މަސައްކަތް ކުރަން އެބަ ޖެހެއެވެ. ދިމާވާ މިފަދަ ދެރަކަންތައް ތަކަކީ ﷲ ގެ އަޅާ ރަނގަޅު މަގަށް އެޅުވުމަށްޓަކައި އެކަލާނގެ މިންވަރު ކުރައްވާ ކަންތައްތަކެވެ.

~ ނިމުނީ ~

One Comment to “ANDHIREEGE THEREYN [ 08 ]”

Leave a Comment

Your email address will not be published. Required fields are marked *