LUQAL BANDHAA (BOOK 5) – 3

އިރުގެ އަލީގައި ކަނޑީގެ މިޔަ ވިދަވިދާ އޮތެވެ. ކުރިޔަށް އެންމެ ފިޔަވަޅެއް އެޅިޔަސް އެ މިޔައިން އެ މީހުންގެ ބޯތައް ކަނދުރާއާ ވަކިވާން ސުކުންތެއް ވެސް ނުނަގާނެއެވެ. ހަމައެހިނދު ސިފައިންގެ އިސްކޮމާންޑަރެއް އަލިރޮނގެއް ފަދައިން ކުއްލިއަކަށް އެ ތަނަށް އަތުވެއްޖެއެވެ. އޭނާގެ ކަމަރުގައި އޮތް ކަނޑީގެ އަތްގަނޑުގައި ހިފަހައްޓާލައިގެން ހުރި ގޮތުން އެ ހުރީ އަތުވެދާނޭ ނުރައްކަލަކަށް ހުސިޔާރުވެގެންކަން ގައިމެވެ.

“ތިޔައީ ކޮންބައެއް؟ މިތަނުގެ އަހުލުންނެއްނޫން.” ކޮމާންޑަރު ހަރުއަޑުން ސުވާލުކުރިއެވެ.

ގަނޑުވަރުގެ ބޮޑު ދޮރޯށި އެތެރެއިން ހުޅުވުނުތަން ފެނުނެވެ. ޖެހިލި ލުއި ވައިރޯޅިއެއް ފަދައިން އެތެރެއިން ނުކުމެގެން އައިސް ކޮމާންޑަރާއި ދެޔޯގެ ކައިރީ މަޑުކޮށްލީ އައިޒަން ރަސްގެފާނުގެ އެންމެ އަރިސް ވަޒީރެވެ. އޭނާ ފެނުމުން ދެޔޯއާއި ކޮމާންޑަރު އެކުއެކީހެން ސަލާމް ގޮވައި ކުރުނީސްކޮށްފިއެވެ.

“ހާރިސް.” ކޮމާންޑަރު އިސް ވަޒީރުގެ ނަމުން ގޮވާލިއެވެ.

“އެ މީހުންނަށް ހުރަސް ނާޅާ. އެ މީހުންގެ އިންތިޒާރުގައި ރަސްގެފާނު އެބަހުންނެވި.” ހާރިސް ބުންޏެވެ. އަދި އޭނާ ކުރިމަތީގައި ތިބި ދެ ޖިންނީންނަށް އިޙްތިރާމާއެކު ކުރުނީސްކުރާތީ ފެނި ދެން ތިބި މީހުން ހައިރާންވެއްޖެއެވެ.

“ކަމާނާ އަތުވެއްޖެކަމުގެ ޚަބަރު ރަސްގެފާނަށް ލިބިވަޑައިގެން އަޅުގަނޑު ފޮނުއްވެވީ. މަތިގެކޮޅުގައި ކަމަނާއާއި ފިރިކަލުންގެ އިންތިޒާރުގައި އެބަހުންނެވި.” ހާރިސް ބުންޏެވެ. އޭނާގެ ފަހަތުން އޭގެ ދެ މީހުން ހިނގައިގަތެވެ.

* * * * *

“އަހަރެންގެ އީޝަލް އައީތަ؟.” ބަލްޤިސްގެ ލިބާހުގެ ބޭރުން ޤަފްޠާން ލައްވައިދޭން ހުރި އަރިސް ޚާދިމާގެ ގާތުގައި އަހާލިއެވެ.

“އެއްގޮތަކަށް ވެސް ނޭނގެ ސާހިބާ.” ޚާދިމުކުއްޖާ ނިކަން އަވަހަށް ބުންޏެވެ.

“އަހަރެންގެ މިދަރިފުޅު ކެތްތެރިކަމެއްނެތި ބުނަމުން ދާކަހަލަ… އޭނާގެ އުޚުތާ މި ގަނޑުވަރަށް ފައިބައިފިއޭ. މަންމަގެ ފުރަތަމަ ދަރިފުޅު އަތުވެއްޖޭ. އަވަހަށް އެކުއްޖާފުޅާ ބައްދަލުކުރާން ދާށޭ.” ބަލްޤިސްގެ ބަނޑުގައި ފިރުމަމުން ހިނިއައިސްފައި ހުރެ ޚާދިމުކުއްޖާ ގާތު ބުންޏެވެ. އަދި އޭނާ ކެތްތެރިކަން ކުޑަވެފައިވާ މީހަކު ފަދައިން ކޮޓަރިން ނުކުތެވެ. މަންމަގެ އަރިއަހަށް އައުމަށެވެ. އޭނާގެ ހިތް ވަނީ އަވަސްވެފައެވެ. ގަނޑުވަރަށް އީޝަލް އަތުވެއްޖެއޭ އެ ހިތް ބުނާ ވަރުންނެވެ. ބަހީރާގެ ކޮޓަރިއާ ހަމަވާންވީއިރު މަންމަގެ އިސް ބާނދީގެ ފަރާތުން އެނގުނީ ދާދި ދެންމެއަކު ބައްޕަގެ ގާތަށް މަތިގެކޮޅަށް ހިނގައްޖެކަމުގެ ޚަބަރެވެ. އެއާއެކު ކުރިޔަށްވުރެ ހަލުވިކޮށް އެ ދިމާއަށް ބަލްޤިސް މިސްރާބު ޖެހިއެވެ.

މަތިގެކޮޅަށް އެރި ބަލްޤިސްއަށް ބައްޕަގެ ކޮޓަރިއާ ހަމައަށް ނުދެވެނީސް ޖޫދާއާ ބައްދަލުވެއްޖެއެވެ. ދެ މީހުންގެ މިސްރާބު ވެސް ހުރީ އެއް ދިމާއަކަށެވެ. އެކަކުއަނެކަކަށް ބަލާލައި ދެ މީހުންނަށް ވެސް ވާހަކަދެއްކުނީ އެއްފަހަރާއެވެ. އެހިނދު އެ ދެމަފިރިންގެ ދުލުން ވެސް ނުކުތީ އީޝަލްގެ ނަމެވެ. ބަލްޤިސްއާއި ޖޫދާއަށް ހީނލެވުނީ އެއްފަހަރާއެވެ.

“އެކުއްޖާ އައީތަ.” ބަލްޤިސްއަށް ބުނެލެވުނެވެ.

އެމީހުން އައިސް އައިޒަން ހުރި ކޮޓަރިއަށް ވަނުމުގެ ހުއްދައަށް އެދިއްޖެއެވެ. ގިނައިރެއްނުވެ ދޮރު ހުޅުވިއްޖެއެވެ. ބަހީރާގެ ހިނިތުންވެފައިވާ މޫނުފެނުމާއެކު ބަލްޤިސްއަށް އިތުރު ޔަޤީންކަމަކަށް ބޭނުމެއްނުވިއެވެ. ދޮރުމަތިން ފުރަތަމަ ބައްދަލުވި މަންމައާ ސަލާމްކުރާން ވެސް އޭނާ ހަނދާންނެތުނީއެވެ. ހަލުވިކަމާއެކު އެތެރެއަށް އޭނާ ދެމިގަތީއެވެ.

“އީޝަލް.” ބަލްޤިސްއަށް ގޮވާލެވުނެވެ.

އައިޒަންއާއެކު މަޑުކޮށްލައިގެން ތިބި އީޝަލްއާއި ރައުލް އެތަނަށް އައިތާ އަދި ގިނައިރެއްނުވެއެވެ. އަދި ރަނގަޅަށް އައިޒަންއާއި ބަހީރާއާ ސަލާމް ވެސް ނުކުރެވެއެވެ. އެހާ އަވަހަށް ބަލްޤިސް އެތަނަށް އަންނާނޭ އެމީހުން ހިޔެއްނުކުރެއެވެ. ބަލްޤިސްއަށް ވުރެ ކުރީން ދެ އަތް ފުޅާކޮށްލުމާއެކު އޭނާގެ ގާތަށް އީޝަލް އައިސް ބޮޑުދައިތަގެ ގައިގާ ބައްދާލީ ކުލުނުން ފުރިގެންވީ ފަދައިންނެވެ. އެވަގުތު ޖޫދާ އައިސް މަޑުކޮށްލީ ރައުލްގެ ގާތުގައެވެ. ކަރާއިކަރުޖައްސާ ރައުލްއާ ސަލާމްކުރިއެވެ.

“ދަރިފުޅަށް ޚަބަރު ދޭން ހާރިސް ފޮނުވިތަނާ ތިއައީ.” ބަހީރާ އައިސް ބަލްޤިސްއާއި އީޝަލްގެ ގާތުގައި މަޑުކޮށްލިއެވެ. އޭނާގެ ދެ އަތްތިލަ އުފުލާލުމާއެކު ބާއްވާލީ އެ ދަރީންގެ ބޮލުގައެވެ.

“މިވަގުތުކޮޅަށް އިހަށް ކަލޭމެން އޭނާއާ ދުރުގައި މަޑުކޮށްލަންވީނު. މިތާކު އަހަރެންގެ ދަރިފުޅަށް ކަމެއްކުރާން ކެރޭނެ ޖިންނިއަކުނެތް.” އައިޒަން ބުންޏެވެ. އެއާއެކު އީޝަލް ދުރުކޮށްލައި ވަށައިގެން ބަލްޤިސް ބަލާލިއެވެ. ބައްޕަ ވާހަކަދެއްކީ ކާކާކަމެއް ނޭނގިއެވެ. ނަމަވެސް ބަހީރާއާއި ޖޫދާގެ އިތުރުން ބަލްޤިސް ވެސް ސިހިގެން ދިޔައީ ކުއްލިއަކަށް އީޝަލްގެ ހިޔަނީގެ ތެރެއިން ހިޔަނިތަކެއް ވަކިވެގެން ދުރަށް ދިޔަތަން ފެނިއެވެ. ޖެހިލުންވެ ހުރެ ވެސް އީޝަލްގެ އަތުގައި ހިފައި ގާތަށް ދަމާލި ގޮތަށް އޭނާ ބަލްޤިސްގެ މޭގައި ޖައްސާލީ ރައްކާތެރި ކުރާ ފަދައިންނެވެ. ބޮޑުދައިތަގެ އެ ޚަރަކާތުން އިޝާލްއަށް ހީނލެވުނެވެ.

“ކާފާ. އެމީހުންނާ އަޅުގަނޑާ ވަކިވުމެއްނުވޭ.” އީޝަލް ބުންޏެވެ. އެއާއެކު އެންމެންނަށް އެއްފަރާތުގައި ތިބި ހިޔަނިތައް ބަދަލުވިތަން ފެނުނެވެ. ޔޫރާއާއި ވައިސިންނީއާއެކު ލުގަލްބަންދާ އެންމެންގެ ލޯ މައްޗަށް ފާޅުވީއެވެ.

“އިށީދޭ ކޮއިފުޅާ. ކުއްލިއަކަށް އަންގާލުމެއްނެތި މިތަނަށް ތިއައި އައުމުގެ ސަބަބުން އެންމެންނަށް ވަނީ ބޮޑު ސިހުމެއްލިބި ބިރުވެރިކަމެއްގައި.” ޝައުގުވެރިކަމާއެކު އީޝަލްއަށް ބަލަން އިނދެ އައިޒަން ވާހަކަދެއްކިއެވެ.

“އަޅުގަނޑު ހީކުރީ ބާރާއި ޝަރަފުގެ ގޮތުން ވަރުގަދަ އެތައް ޖިންނީންނެއް މި ގަނޑުވަރަށް ކާފައާ ބައްދަލުކުރަން ފޭބުމަކީ އާކަމަކަށް ނުވާނެ. ޚާއްޞަކޮށް ކާފަގެ ރަސްކަމުގެ ވާހަކަ އިންސީންގެ މި ދުނިޔޭގައި އުޅޭ ވަރަށް ގިނަ ޖިންނީން ވާނީ އަޑުއަހައިފަކަން ޔަޤީން.” އީޝަލް ހީނލިއެވެ.

“ތި ވާހަކަ ކާފަ ދޮގެއްނުކުރާނަން. އެކަމަކު ތިޔަފަދަ ބާރަކީ އަހަރެމެންގެ ތެރޭގައި އާންމު ކަންތައްތަކެއްނޫން.” އައިޒަން ބުންޏެވެ.

“ދަރިފުޅާއެކު މާމަމެންގެ ގާތަށް މީކާޢިލް ނައީ ކީއްވެތަ؟. ދަރިފުޅުމެން ދެކުދީން އެކަނި ފޮނުވަން އެމީހުން ޤަބޫލުވީތަ. މާމަ މި އިންނަނީ ޤަބޫލުނުކުރެވިފައި.” ބަހީރާ ސުވާލުކުރިއެވެ.

“ޒިޔަޒެލް އެދުމުން ބައްޕައަށް ދެކޮޅު ހަދަން ނުކެރުނީ. އަޅުގަނޑާއެކީ ލުގަލްއާއި ޔޫރާއާ ވައިސިންނީ ހުންނާނޭކަން އެނގޭތީ ޒިޔަޒެލް ހުއްދަދިނީ. އަދި ބުނި. މިހާރު އަޅުގަނޑަކީ މީހެއްގެ އަނތްބެކޭ. ދަތުރުތަކުގައި އަޅުގަނޑާއެކު ރައުލް ހުރުމުން ފުދޭނެކަމަށް.” އީޝަލް ނިކަން ހަމަޖެހިލައި ކިޔާދިނެވެ. އޭރު އޭނާގެ އަޑު ޒިޔަޒެލް ބުނާނޭ ފަދައިން ބަދަލުކޮށްލާފައި ވިއެވެ. ބަހީރާއާއި ބަލްޤިސްއަށް ހީނލެވުނެވެ.

އައިޒަންގެ މޫނުން ހިނިތުންވުމެއް ފާޅުވާން އުޅުނުހެން ހީވިއެވެ. އޭނާގެ ދަރިފުޅު މީކާޢިލް ޤަބޫލުވީ ނަމަވެސް އެ ނިންމީ ކިހާ އުނދަގޫ ނިންމުމެއްކަން އައިޒަންއަށް އެނގެއެވެ. ޚުދު އޭނާ ވެސް އީޝަލް އެކަނި ދަތުރުތައް ކުރުމަށް ދޫކޮށްލާކަށް ބޭނުމެއްނޫނެވެ.

“ބޮޑުދައިތައަށް އަޅުގަނޑުގެ ގާތަށް އާދެވެން ނެތީމައި ކޮންމެހެން ވެސް އެންމެންނާ ބައްދަލުކޮށްލަން އަޅުގަނޑު މިއައީ. އަޅުގަނޑާއި ރައުލް ދިގު ދަތުރަކަށް ނުކުންނަން ގަސްދުކުރާތީވެ. މެދުއިރުމައްޗާއި ދުނިޔޭގެ އެންމެ އުތުރަށް އަޅުގަނޑުމެން ދާން މިއުޅެނީ.” އީޝަލް ބުންޏެވެ.

“އެހިސާބަށް ދަނީ ކޮންބޭނުމަކު.” ބަލްޤިސް ވަގުތުން ސުވާލުކުރިއެވެ.

“ލުގަލްގެ ޢާއިލާ ހޯދަން. އޭނާގެ ބައްޕައާ ބައްދަލުކުރަން. މީ އަޅުގަނޑުގެ ނިންމުމެއް. ކަންކަން ތަޖުރިބާ ކުރެވޭނީ މީހުންގެ ތެރެއަށް ނުކުމެ އުޅުނީމަ. ދުނިޔެ ދަސްވާނީ އެގޮތަށް. އެހެންނޫންތޯ މާމާ.” އީޝަލް ބުންޏެވެ.

އައިޒަންގެ ފުށުން ފެނުނީ ހިމޭންކަމެވެ. ބަހީރާއަށް ވެސް ބަލާލެވުނީ ފިރިމީހާއަށެވެ. ކާފަދަރިފުޅުދެކެ އަމިއްލަ ފުރާނަ ފަދައިން އައިޒަން ލޯބިވާކަން ބަހީރާއަށް އެނގެއެވެ. ހިމޭންކަން ފުނޑުފުނޑުކޮށްލާ ވާހަކަދެއްކީ ބަލްޤިސްއެވެ. އީޝަލްގެ ގާތުގައި އިނދެ އެކުއްޖާގެ ވައަތްތިލައިގައި އޭނާ ދެއަތުން ހިފާލިއެވެ.

“ސަލާމަތުން އެނބުރި އަންނާނަން ކަމަށް ވަޢުދުވޭ.” ބަލްޤިސްއަށް ބުނެވުނެވެ.

“ﷲގެ ރަޙުމަތާއެކު އިރާދަކުރެއްވިއްޔާ ގަދަވެ ސަލާމަތުން އެނބުރި އަންނާނަން. އަދި ދަތުރުނާމާގެ ހުރިހާ ތަފްސީލެއް ބޮޑުދައިތައަށް ކިޔާދޭނަން.” ޔަޤީންކަމުގެ ހިނިތުންވުމަކާއެކު އީޝަލް މިހެން ބުނިއިރު އެ ދެ ލޮލުގެ ވިދުން ގަދައެވެ.

“ކަމަނާގެ އަމާނާތާމެދު ކަންބޮޑުވެނުލައްވާ. ﷲ ގެ ވާގިފުޅާއެކު ކަމާނާގެ އަރިހަށް އެ އަމާނާތް ރައްދުކޮށްދޭނެ ކަމަށް އަޅުގަނޑުމެން ވަޢުދުވަން. ސާހިބާ ރައްކާތެރިކުރުމަކީ އަޅުގަނޑުމެންގެ ޒިންމާއެއް. އަޅުގަނޑުމެންނަށް އިތުބާރުކުރައްވާ ކަމަނާގެ ހިތްޕުޅު ހަމަޖައްސަވާލައްވާ. ކަމާނާގެ ދަރިކަލުން އުފަންވާނީ އަޅުގަނޑުމެންގެ ސާހިބާ ކަމަނާގެ އަރިހުގައި ހުންނަވަނިކޮށް.” ބަލްޤިސްއަށް ކުރުނީސް ކުރަމުން ވައިސިންނީ ކުރިޔަށް ނުކުމެ ކުޑަކަކޫ މައްޗަށް ތިރިވެ ހުރެ ވާހަކަދެއްކިއެވެ.

“ދަތުރަށް ނުކުންނަނީ ކޮންއިރަކުން.” ޖޫދާ އަހާލީ ރައުލްއާއި އީޝަލްއަށް ވަކިވަކިން ބަލާލަމުންނެވެ.

“ޔޫރާ. ދަތުރުގެ ތަފްސީލު އެންމެންނަށް ކިޔާދީބަލަ. އަހަރެމެން ރާވާފައި އޮތް ގޮތް ވެސް.” އީޝަލް ބުންޏެވެ. އެހިނދު ޔޫރާ އެންމެންގެ ކައިރިއަށް އައެވެ. އޭނާއަށް އަމުރުކުރެވުނު ކަންތައް ކުރާން އަވަސްވެލިއެވެ. އޭނާގެ ބަސްމަދުކަމާއި ކިޔަމަންތެރިކަން އައިޒަންގެ ލޮލުގައި އަޅައިގަތެވެ. އަދި ހަނދާނަށް އައީ އީޝަލްގެ ބަހަށް ނޫނީ ޔޫރާ ކިޔަމަންނުވާކަމެވެ.

ދަތުރަށް ނުކުންނަން ހަމަޖެހިފައި އޮތީ މެންދުރުގެ ވަގުތެވެ. މީގެ ދެ ދުވަސް ފަހުންނެވެ. ދަތުރު ކުރާނޭ މަގަކަށް ކަނޑައެޅިފައި އޮތީ ރީނދޫކަނޑުން ސީނުކަރައަށް އަރައި އެތަނުން މޮންގޯލިއާ ހުރަސްކޮށް ރޫސީގެ ބިންތަކަށް އެރުމެވެ. އަދި އެ ދަތުރުގައި ބައިވެރިވާނީ ކޮންބައެއްކަން ވެސް ޔޫރާ ކިޔާދިނެވެ. ޖިންނީންގެ ޖަމާޢަތްތައް ބޮޑުވެފައި ދުނިޔޭގެ އެކި ދިމާއަށް ފެތުރިފައިވެއެވެ. ވާހުގައި ދަތުރުކުރުމަށްވުރެ ބިމުގައި ދަތުރުކަން އެމީހުން ނިންމާފައި ވަނީ ދުނިޔޭގައި އުޅޭ އެހެން ޖިންނީންގެ ނަސްލުތަކާއި އެމީހުންގެ ސަޤާފަތާއި އާދަކާދަތައް ދުށުމުގެ ފުރުޞަތު ލިބޭނެތީއެވެ. ތަފާތު ބާރުތައް ދުށުމާއި ތަޖުރިބާ ކުރާން ޝައުގުވެރިކަން ވެސް އުފެދިފައިވަނީއެވެ.

“ވަރަށް ހުސިޔާރުވާތި. ޖިންނީންނަކީ މަކަރުވެރި ބައެއް. ހައްލާލަން ނިކަން ކުޅަދާނަވާނެ. ޚަބަރު އޮޅުންފިލުވައި ވާހަކަ ހޯދަން އުޅޭނެ. ހުރިހާ ހަޤީޤަތެއް ހާމަނުކުރާތި. ޖަމާޢަތްތަކާއި ބާރު ހުރި ޖިންނީންނަށް ޖާސޫސްކޮށްދޭ ޖިންނީން ވަރަށް ގިނަވާނެ. އަމާންކަން ނުވާ ބައެއްގެ މައްޗަށް ބާރާއި ހަރުކަށިކަން އިސްކުރާތި. ބާރުގަދަ މީހާދެކެ އެމީހުން ޖެހިލުންވެ ބިރުގަންނާނެ. އެހެންވިޔަސް ޤަތުލެއް ކުރަންވާނީ އިންސާފުގެ މަގުން. ލިބޭ ކޮންމެ ދަޢުވަތެއް ޤަބޫލުނުކުރާތި.” އައިޒަން ބުންޏެވެ.

“އައިޒަން. އަހަރެމެންގެ ދަރިފުޅު ދަތުރުކުރުމަށް ސަވާރީއެއް ތައްޔާރުކޮށްދީ.” ބަހީރާ ބުންޏެވެ.

“ނޫން މާމާ. އަޅުގަނޑުމެން އެއްވެސް އެއްޗަކަށް ބޭނުމެއްނުވޭ.” އީޝަލް ބުންޏެވެ.

އީޝަލްއާއި ރައުލް އެހާ އަވަހަށް އެނބުރިދިއުމުގެ ހުއްދަދޭން ބަހީރާއާއި ބަލްޤިސް އެއްބަހެއްނުވިއެވެ. އެރޭ ގަނޑުވަރުގައި އޭގެ ދެމަފިރިން ތިބެފައި އަނެއް ދުވަހު ދާނީކަން ބަލްޤިސް ބުންޏެވެ. އެކަމުގެ ހުއްދައަށް ބަލްޤިސް ބައްޕައަށް ބަލާލިއެވެ. އެއާއެކު އައިޒަން ވެސް ބޯޖަހާލައިފިއެވެ.

* * * * *

ފެންޑާގެ ބޮޑު އަށިމަތީ ޒިޔަޒެލްއާއެކު މީކާޢިލްއާއި ޒަލަފް ތިއްބެވެ. ބޮޑު ދޮލަނގެއްގައި މިޒަރެން ކާއެއްޗެހި އަތުރައިގެން ގެނެސް އެމީހުންގެ މެދުގައި ބޮޑުއަށި މަތީ ބެހެއްޓިއެވެ.

“ކަލޭމެން ދެ މީހުންނަށް ވާނެތަ؟. އިތުރު މީހަކަށް އަހަރެންގެ މިޒަރެން ގެންދަންވީނު. އޭނާއަށް އެމީހުންގެ ތެރޭ އުޅޭން އެނގޭނެ.” ޒިޔަޒެލް ވާހަކަދެއްކިއެވެ.

“އިހަށް އަހަރެމެން ދެ މީހުން ދާނީ. މިޒަރެންނަށްވުރެ އަހަރެމެންނަށް އެބައިމީހުންގެ ތެރޭގައި އުޅޭން ފަސޭހަވާނެ.” މީކާޢިލް ބުންޏެވެ.

“އީޝަލްމެން ދަތުރަށް ނުކުންނަންދެން މަޑުކުރޭ. ކަލޭމެން ދެ މީހުން ދާނީ އޭގެ ފަހުން.” ޒިޔަޒެލް ބުންޏެވެ.

“އެމީހުންގެ ތެރެއިން މީހަކަށް ޝައްކުވެދާނޭތީ އަހަރެން ވެސް ކަންބޮޑުވޭ. އިހަށް މިއިން އެއްވެސް ކަމެއް އީޝަލްއަށް އެނގޭކަށް ބޭނުމެއްނޫން.” މީކާޢިލް ބުނެލިއެވެ. އެކަމާ އެއްބަސްވަމުން ޒިޔަޒެލް ވެސް ބޯޖަހާލީއެވެ.

މީކާޢިލްއާއި ޒަލަފް އިންސީންގެ ތެރެއަށް ދިއުމަށް ރާވަމުންދިޔައެވެ. އެކަމުގެ ޚަބަރެއް އީޝަލްއަށް އެނގޭކަށް އެމީހުން ނޭދެއެވެ. މިޝަލްގެ ޢާއިލާގެ ޚަބަރުތައް ހޯދަން ދާތީއެވެ. އިންސީންނާ ގުޅިފައިވާ ކަމެއްގައި އީޝަލް ޝާމިލް ކުރުމީ މީކާޢިލް އެއްގޮތަކަށް ވެސް ބޭނުންވާކަމެއް ނޫނެވެ. އޭނާއާއި ޒަލަފްއަކީ އިންސީންގެ ތެރޭގައި އުޅެ އިންސީންގެ މައްޗަށް ލޯބިޖެހިފައިވާ ދެ ޖިންނީންނެވެ. އެމީހުންނަށް އިންސީންގެ ވެށީގައި އުޅުމަށް އެހީތެރިއަކަށް ބޭނުމެއްނުވެއެވެ. އިންސީންގެ ތެރޭ ޚަބަރު ހޯދާނޭ ގޮތް އެމީހުންނަށް ރަނގަޅަށް އެނގެއެވެ.

ގޭތެރެއަށް ޖިންނިއެއް ފައިބާކަމުގެ ހިލަން ވުމާއެކު ހިމޭންވުމަށް ޒިޔަޒެލް ގޮވާލިއެވެ. އޭގެ ކުޑައިރުކޮޅެއް ފަހުން އެމީހުން ތިބި ފެންޑާއަށް އެމީހަކު ފައިބާ ސަލާމް ގޮވާލައިފިއެވެ.

( ނުނިމޭ )

4 Comments to “LUQAL BANDHAA (BOOK 5) – 3”

Leave a Comment

Your email address will not be published. Required fields are marked *