THEMI VAAREYGA VEEMEY [PART 2]

“ހާދަ ގޮތެއްވެސް ނެތޭ ދޯ، ރިހާމަށް ކޮންމެހެން ކަލޭގެ އިނގިލީކުރީގައި ހިފައިގެން އުޅޭކަށް ނުޖެހޭނެ، ކަލޭގެ މަޤާމު ދެނެގެން އުޅެބަލަ، މީހާގެ ސިފަ ބަލާލަން ތަންކޮޅެއް ރީތިވީމަ ހިތަށް އަރަނީތަ ރިހާމުގެ ހިތް އަތުލެވިދާނެޔޭ، އަމުދަކުން ރިހާމެއް ނޫޅޭ ކަލެއާއި ހެދިއެއް، ދެން މާ ގިނަ….” ޝޫޒާގެ ވާހަކަތައް ނުނިމެނިސް ރިހާމް ވާހަކަދެއްކިއެވެ.

“ޝޫޒާ، އަހަރެން ބޭނުމެއްނޫން ޒުވާބުކުރާ އަޑު އަހާކަށް، ދެން ކަލޭ… ކަލެއަށް ހަދަންވީ ގޮތް އަހަންނަށް އެނގޭ” ރިހާމް، ޝޫޒާ އާއި ދިމާލަށް އެއްޗެއް ބުނެފައި އެނބުރިލީ ޖިޔާ އާއި ދިމާލަށެވެ. އަދި ކުއްލިއަކަށް އައިސް ޖިޔާގެ އަތުގައި ހިފައި ދަމަމުން ކަހަލަ ގޮތަކަށް ހަލުވިކަމާއިއެކު ގޮސް ޖިޔާގެ ކޮޓަރި ތެރެއަށް އޭނާ ކޮށްޕާލައިފިއެވެ.

“މާ ދޫހެލޭ މީހަކަށް ވާން މަސައްކަތް ކުރާނެކަމެއްނެތް، މިތަނުގަ ތި އަޑު އަހާނެ މީހަކު ނެތް… މި ކޮޓަރީގައި އަހަރެން އަންނަން ދެން އޮވެވޭތޯ ބަލާ” ކޮޓަރިތެރެއަށް ކޮއްޕާލި ޖިޔާ ވެއްޓުނު އިރުވެސް ރިހާމު ބަލަހައްޓައިގެން ހުރެ ބުންޏެވެ.

“ރިހާމު ހީކުރަނީތަ އަހަރެން ކުޑަވީމަ ކަމެއް ކުރާކަށް ނޭނގޭނެޔޭ، ބަލަ އަހަންނަށް ތިދެވެނީ އަނިޔާއެއް ނޫންތަ، އަހަރެންގެ އުމުރު ހަމަނުވަނީސް ރިހާމު އަހަންނާ ކައިވެނި ކުރީ މަންމަގެ ބޮލަށް އެރިގެން، އަހަރެން ބޭނުމެއްނޫން ރިހާމާއިއެކު އުޅޭކަށް، މި ޒަމާނަކީ އެހީތެރިކަމަށް އެދި ގުޅާނެ ނަންބަރުތައް ހުރި އިރެއް، ރިހާމުގެ ގާތުން ސަލާމަތްވާން އަހަންނަށް ކުރެވެން އޮތްކަމެއްވިއްޔާ ކުރާނަން” ޖިޔާ ރުޅިގަދަވެފައި ހުރެ ބުންޏެވެ. ރިހާމް ވަގުތުން ޖިޔާގެ ފޯނު އަތުލިއެވެ. އަދި ކޮޓަރިން ނުކުންނަމުން ނިކަން ބާރަށް ދޮރު ޖަހާފައި ޖީބުގައި އޮތް ތަޅުދަނޑިފަތި ނަގައި އެ ކޮޓަރި ތަޅުލައިފިއެވެ.  ޖިޔާ އާއި ރިހާމުގެ މެދުގައި ދެކެވުނީ ކޮންވާހަކައެއް ކަމެއް އަޑު ނީވުނަސް އެ މަންޒަރު ބަލަން ހުރި ޝޫޒާ އަށް ރިހާމުގެ ތެދުވެރިކަން އިތުރަށް ހާމަކޮށްދިން ޢަމަލަކަށް އެކަން ވެގެން ދިޔައެވެ. ހިނިތުންވެލަމުން އޭނާގެ ގާތަށް އައި ރިހާމުގެ އަތުގައި ބާރަށް ހިފާލަމުން އޭނާގެ ކޮޓަރިއަށް ވަނެވެ.

“ރިހާމް އާއި ނުލާ އެކަނި ފުރާހިތެއް އަހަރެންނުވޭ، ހިތަށް އަރާ އަހަންނާއިއެކު ރިހާމުވެސް ރަށަށް ދާނެ ނަމައޭ” ޝޫޒާ ހިފައިގެން އައި ކޮތަޅުތަކުގައި ހުރި ސާމާނު އެނދު ކައިރީ ހުޅުވާފައި ހުރި ފޮއްޓަށް އަޅަން މަސައްކަތް ކުރަމުން ބުންޏެވެ.

“އެކުގައި ދެވޭކަށް ނެތެންނު، އެހަށް މިކަމެންނު ހަމައަކަށް އަޅުވަންވީ” ރިހާމުގެ ވާހަކަ އަމާޒުކުރީ ޖިޔާ އަށް ކަން ޝޫޒާ އަށް އެނގުނެވެ.

“ކޮބާތަ މައްސަލައަކީ، ރިހާމަށް ނުކެރިގެން ތިއުޅެނީ ކީއްވެތަ، އެމީހުން ބުނީތީ ކައިވެނި ކޮށްގެން ތިހިރީ، އެކަމަކު އެކުގައި އުޅެން ބޭނުންނުވާ މީހަކާއިއެކު އިނދެގެން މުޅި އުމުރު ހުސްކޮށްލާނީ ކިހިނެއް، ޖިޔާގެ މަންމަ ގާތަށް ފޮނުވާލާ، ބުނޭ، ކަލޭމެން ބުނީތީ އޭ ކައިވެނި ކުރީ، އެހެންނަމަވެސް އެކުގައި ނޫޅެވިގެނޭ ވަރިކޮށްފަ ފޮނުވާލީ، އޭރުންނު އަހަރުމެން ދެމީހުންނަށް ހަމަޖެހިލައިގެން ލައިފެއް ފެށޭނީ” ޝޫޒާގެ ޚިޔާލު އޭނާ ބުނެލިއެވެ.

“އަހަރެން ދެން ކޮންމެވެސް ގޮތެއް ތިކަމާ ވިސްނާނަން” ރިހާމު މިހެން ބުނުމުން ޝޫޒާ ހިތްހަމަޖެހޭ ވަރުގެ ޖަވާބަކަށް ނުވިއެވެ.

“އަނެއްކާ ރިހާމު ތި ވިސްނަނީ އަހަންނާ އިނދެފަ، ޖިޔާވެސް ދުރުގައި ބަހައްޓަންތަ، ރިހާމު ބޭނުންވަގުތަކު ޖިޔާ އާއި ގާތްވެވޭގޮތަށް” ޝޫޒާ ކުރަން ހުރި މަސައްކަތް ހުއްޓާލައިފައި ރިހާމާއި ދިމާލަށް ބަލާލިއެވެ.

“ތިހާ ނެގެޓިވްނުވެބަލަ، އަހަރެން ވަރަށް އަވަހަށް ޖިޔާ ދޫކޮށްލާފަ ޝޫޒާ ބަލާ ރަށަށް ދާނަން، މާލެ އަންނާނީ ޝޫޒާ އަހަރެންގެ އަންބަކަށް ހަދައިގެން، އިތުރަށް މިހެން ތިބެވޭކަށްނެތެންނު، އަވަހަށް ފޮށިތައްޔާރު ކުރޭ، އެއަރޕޯޓަށް ދާންޖެހޭ ވަގުތު ކައިރިވަނީ” ދައްކަމުން ދިޔަ ވާހަކަ އިތުރަށް ދިގުނުކޮށް ރިހާމު ގަޑިއަށް ބަލާލާފައި ބުންޏެވެ.

އެނދު ކައިރީގައި ހުރި ގަޑިއަށް ޖިޔާ ބަލާލިއެވެ. އިރުއޮއްސެން ކައިރިވަނީ އެވެ. ރިހާމުދެކެ އޭރު އައި ރުޅިވެސް މިހާރު މަޑުވެއްޖެއެވެ. ފެންވަރާލުމުން ސިކުނޑިއަށްވެސް ފިނިކަމެއް އިޙްސާސް ކުރެވުނު ކަހަލައެވެ. މައްޗަށް ބަލަހައްޓައިގެން އުއްޑުން އޮށޯވެގެން ޖިޔާ އޮތީ ރިހާމް އައިސް އެ ކޮޓަރި ހުޅުވާނެ އިރެއްގެ އިންތިޒާރުގައެވެ. އަދި ރިހާމާއި މަޑުމައިތިރި ކަމާއިއެކު ވާހަކަދައްކަން ނިންމައިގެންނެވެ. އަނެއްކޮޅުން އޭނާ އޮތީ ކަންބޮޑުވެފައެވެ. ރިހާމު އޭނާ އެ ކޮޓަރީގައި ގައިދީއެއްހެން ގެންގުޅެދާނެކަމުގެ ބިރު ހިތަށް ވަދެފައެވެ.

އެތަކެއް ބައެއްގެ ތެރޭގައި ހުރެ އެއްވެސް ޖެހިލުންވުމެއްނެތި ޝޫޒާ، ރިހާމުގެ ގައިގައި ބައްދާލިއެވެ. ރިހާމަށްވެސް އެކަން ބޮޑު ކަމަކަށް ނުވިއެވެ. ޑިޕާޗަރ ހޯލް ތެރެއަށް ޝޫޒާ ވަދެގެން ދިޔައީ މާޔޫސް ކަމާއިއެކުއެވެ. އެންމެ ފަހުގެ ސަލާމެއްގެ ގޮތުން އެތެރޭގައި ހުރެ ރިހާމަށް އަތްހޫރާލިއެވެ. އިރުކޮޅަކު މަޑުކޮށްލުމަށްފަހު ރިހާމު އައީ މާލެއެވެ. އޭނާ މާލެ އެރުމާއިއެކު ދިޔައީ އޮފީހަށެވެ.

“އަދިވެސް ގެއަށް ނުދަންތަ” އޮފީސް ފޯނުގައި އިން ޞޮފާ ފެނިފައި ރިހާމު މިހެން ބުނަމުން އަތުކުރީ ގަޑިއަށްވެސް ބަލާލިއެވެ.

“ރިހާމު އަންގާވެސް ނުލާވިއްޔަ ޗުއްޓީ ތި ނަގަނީ” ޞޮފާ ފޯނުގެ އަތްގަނޑު ބާއްވާލަމުން ބުންޏެވެ.

“އަހަރެންގެ ހުރިހާ މީޓިންނެއް ފަސްކުރާށޭ ކިޔާފަ މެއިލް ފޮނުވާފަ އޮންނާނެ، ޞޮފާ އެވަރުވެސް ބަލާނުލަނީތަ” ރިހާމުގެ މިޒާޖު މިވަވަގުތަށް އެހާ ރަނގަޅު ނޫންކަން ޝޮފާއަށް އޭނާ ދިން ޖަބާނުން އެނގުނެވެ.

“މެއިލް ފެނުނު، އަންގަންވާ ފަރާތްތަކައް އަންގައިފިން، ރިހާމް، ކަމަކާ ހިތްހަމަނުޖެހިފައި ހުރިހެން ހީވަނީ، އަހަންނަށް އެހީތެރިވެވޭވަރުގެ ކަމެއްތަ” ޞޮފާ ރިހާމުގެ ފަހަތުން އޭނާގެ ކެބިންނާއި ދިމާލަށް ހިނގައިގަންނަމުން ބުންޏެވެ.

“ޞޮފާގެ އެހީތެރިކަމެއް ބޭނުންވެއްޖެއްޔާ އަހަރެން އެކަމަކަށް އެދޭނަން، ދެން އިތުރު ކަމެއް ނެތިއްޔާ ގެއަށް ދާންވީނު” ރިހާމު މިހެން ބުނުމުން ޞޮފާ ކުޑަކޮށް ހިތްހަމަނުޖެހުނެވެ. އެހެންނަމަވެސް ރިހާމު ފެނުމުން އޭނާ އަށް ލިބުނު ހިތްހަމަޖެހުމާއި އަޅާ ބަލާއިރު އެއީ އެއްވެސް ކަމަކަށް ނުވާތީ ދެންވެސް ރިހާމާއި ވާހަކަދައްކަން މަސައްކަތް ކުރިއެވެ.

“ރިހާމަށް ޑިސްޓަރބެއް ކުރާކަށް ނޫން އަހަރެން އެހެން އަހާލީ، ކޮފީއެއް ގެނެސްދެންތަ، އޭރުން ފަހަރެއްގަ މޫޑު ރަނގަޅުވެސް ވެދާނެ” ޞޮފާ ބުންޏެވެ.

“އަހަރެން ބުނެފީމެންނު އަހަރެން ޞޮފާގެ އެހީއަކަށް ބޭނުންވަންޏާ ޑައިރެކްޓްލީ އެކަމަކަށް އެދޭނަމޭ، ސޯ ޕްލީޒް، މިވަގު އެހަށް މިތަނުން ދޭ، އަދި އަހަންނަށް ވަރަށް ރަނގަޅު އަހަރެން ނުކުންނަން ވާއިރަށް ޞޮފާ އޮފީހުގައި ނީނިއްޔާ، ކުރަން ހުރި ކަމެއް މާދަމާ އައިސް ކުރަން ބަހައްޓާފަ ގެއަށްދާންވީނު ދޯ” ރިހާމުގެ އަޑުގައި ރަޙުމަތްތެރި ރާއްގެއް ބަހައްޓަން މަސައްކަތް ކުރަމުން އޭނާ ބުންޏެވެ. ޞޮފާ އެއްވެސް އެއްޗެއް ނުބުނެ ހިނގައިގަތީ އޮފީހުން ނުކުންނަންށެވެ. އެހެންނަމަވެސް ކަމެއް ހަނދާންވެގެން ހުއްޓޭފަދަ ގޮދަކަށް އޭނާ ހުއްޓި ރިހާމާއި ދިމާލަށް އެނބުރިލިއެވެ. އޭރު ކެބިންގެ ތެރޭގައި ރިހާމު އޭނާގެ މޭޒު ކައިރީ ހުއްޓިލައިގެން ޞޮފާގެ ހަރަކާތްތަކައް ބަލަހައްޓައިގެން ހުއްޓެވެ.

“ކޮންކަމެއްތަ ޞޮފާ ބޭނުންވެގެން ތިއުޅެނީ، އަހަންނަށް ހީވަނީ އަހަންނަށް ވުރެ ބޮޑަށް ޞޮފާ އަހަރެންގެ ގާތުން ކަމެއް ބޭނުން ވެގެން އުޅޭހެން” ރިހާމު އޭނާގެ ފަޓުލޫނުގެ ދެ ޖީބަށް އަތްޖަހާލަމުން ބުންޏެވެ.

“ރިހާމަށް ހަމަ ކުޑަކޮށްވެސް ނުވިސްނޭތަ އަހަރެން ބޭނުންވަނީ ކޮންކަމެއްކަން” ޞޮފާގެ އަޑުބަދަލު ވެގެންދިޔައެވެ. ރިހާމަށް އޭނާގެ ހިތުގައިވާއެއްޗެއް ހުޅުވާ ދައްކާލަންވީބާއޭވެސް ޞޮފާގެ ހިތަށް އެވަގުތު އަރަމުން ދިޔައެވެ. ކުރެވޭ ކަމަކުން ނުކުމެދާނެ ނަތީޖާ އަކާއިމެދު ޞޮފާ ވިސްނަން ބޭނުންވިޔަސް ސިކުނޑި އެ މަސައްކަތެއް ނުކުރިއެވެ.

“އަހަންނަށް އެނގޭނަމަ ނާހާނަން، އެހެންނޫނަސް ޞޮފާ ނުބުނަނިސް އަހަންނަށް ޞޮފާގެ ކަމެއް އެނގޭކަށްވެސް ނުޖެހޭ” ރިހާމް ކުޑަކޮށް ފަހަތުގައި ހުރި މޭޒުގައި އިށީނދެލަމުން ބުންޏެވެ. ރިހާމަށް ޞޮފާ ބޭނުންވެގެން އުޅެނީ ކޮންކަމެއްކަން ޔަގީން ކުރަން ނޭނގުނަސް ކޮންމެވެސް ވަރެއްގެ ޚިޔާލެއް އެކަމާއިމެދު ވަނީ އުފެދިފައެވެ. އަނެއްކޮޅުން ޞޮފާ އަކީ ކޮންކަހަލަ އަންހެން ކުއްޖެއްކަން އޭނާ އަށް ވަރަށް ރަނގަޅަށް އެނގެއެވެ.

“އަހަންނަށް އެނގޭ ރިހާމަކީ އަހަރެންގެ ބޮސްކަން، ރިހާމުގެ ރަނގަޅުކަމުންކަން އަހަންނަށް މި މަޤާމުގައި ބޮޑު މުސާރައިގަ މިހުރެވެނީވެސް، އެކަމަކު… ރިހާމް… އަހަރެންގެ ހިތަށް މި ފީލްވާ ގޮތް…. ހިތަށް އަރާ…” ޞޮފާގެ ވާހަކަ ކުރިއަށް ގެންދާކަށް އޭނާ އަށް އެހާ ފަސޭހައެއް ނުވިއެވެ. ނަމަވެސް އޭނާ ފިޔަވަޅަކަށްފަހު ފިޔަވަޅެއް ކުރިއަށް އަޅަމުން ދިޔައީ ރިހާމާއި ގާތަށެވެ. ބަހެއްނުބުނެ ޞޮފާ އާއި ދިމާލަށް ބަލަހައްޓައިގެން ރިހާމު ހުއްޓެވެ. އެގޮތަށް ޞޮފާ އައިސް ހުއްޓިލީ ރިހާމުގެ ނޭވާގެ ހޫނުކަން އިޙްސާސް ކުރެވޭހާ ގާތުގައެވެ. ދެންވެސް ރިހާމު އެއްވެސް އެއްޗެއް ނުބުނެއެވެ. ޞޮފާގެ މޫނަށް ބަލަހައްޓައިގެން ހުރިގޮތަށް ހުރީއެވެ. އިސްޖެހިފައި ހުރި ޞޮފާ މަޑުމަޑުން އިސްއުފުލާލުމާއިއެކު ރިހާމުގެ ދެލޮލަށް ބަލާލިއެވެ. އޭނާ އަރާފައި ހުރި އުސްބޫޓުގެ ސަބަބުން ރިހާމުގެ މޫނާއި ޞޮފާގެ މޫނު ހުރީ އެއްހަމައެއްގައެވެ. ލޮލާލޯ ބައްދަލުވެގެން ދިޔައެވެ. އެ ބަލާލުމުން ރިހާމަށް ކަމެއް ނަގައިގަނެވުނެއްކަމަކު އެކަން އޭނާ ސިއްރު ކުރިއެވެ. ބޭނުންވީ ޞޮފާގެ އެ ހަރަކާތްތަކުގައި ފޮރިވައިވާ ކަމެއް ދެނެގަންނާށެވެ. ޞޮފާ އަށް ރިހާމުގެ ގަދަޗޮކުލެޓު ކުލައިގެ ކަޅީގެ ތެރެއިން އޭނާގެ އަމިއްލަ ސޫރަ ފެނުމުން އެ ދެ ލޮލުގެ ތެރެއަށް ގެނބިގެން ދާން ވަގުތުން ބޭނުންވިއެވެ. އެހިނދު ރިހާމުގެ ގަމީހުގައި އުނަގަޑާއި ދިމާލުން ދެއަތުން ހިފަހައްޓާލެވުމާއިއެކު އޭނާގެ މޫނާއި ރިހާމުގެ މޫނު ގުޅުވާލީ އެއްވެސް ޚިޔާލެއް ފިކުރެއް ނެތްފަދަ ގޮތަކަށެވެ. ޞޮފާ ބޭނުންވި ޖަވާބު ރިހާމުގެ ފަރާތުން ލިބުނުކަމުގައި އޭނާ އަށް ހީވީ ރިހާމު އޭނާގެ އެ ޢަމަލަށް އިޖާބަ ދިނުމުންނެވެ. ހަޤީޤަތުގައި ރިހާމަށް އެކަންވީ ވަރަށް ކުޑަކުޑަ ކަމަކަށެވެ. އޭނާ ޞޮފާ އެކަމަށް ބޭނުންވީތީ، އެ ބޭނުން ފުއްދައިދިނީއެވެ. މަޑުމަޑުން ރިހާމު އޭނާ އާއި ޞޮފާ ދުރުކޮށްލިއިރު ޞޮފާގެ މުޅި ހަށިގަނޑު ފިނިވެއްޖެއެވެ. ޞޮފާގެ މަރާލެވިފައި ހުރި ދެ ލޯ ހުޅުވާލީވެސް މަޖުބޫރުވެގެން ކަހަލަ ގޮތަކަށެވެ. ޞޮފާ ފަހަތަށް ފިޔަވަޅެއް އަޅާލުމާއިއެކު ރިހާމާއި ދިމާލަށް ބަލާލިއެވެ. އެ މޫނުމަތިން ނުރުހުމުގެ އެއްވެސް އަސަރެއް ފާޅެއްނުވެއެވެ. އެއްޗެއް ބުނަން ނޭނގިފައި ޞޮފާ ބަލަހައްޓައިގެން ހުއްޓާ ރިހާމު ވާހަކަދެއްކިއެވެ.

“ކޮބާ، ހިތްހަމަ ޖެހިއްޖެތަ” ރިހާމު މިހެން ބުނުމުން ޞޮފާ ވަގުތުން ރަކިވިއެވެ. އިތުރަށް އެތަނުގައި މަޑުނުކޮށް ޞޮފާ ކެބިންއިން ނުކުތެވެ. ރިހާމު އަތުގެ ނުފުށުން ތުންފަތް ފޮހެލަމުން އައިސް އޭނާގެ ބޮޑު ގޮނޑީގައި އިށީނދެ ހަށިގަނޑު ދަމާލަމުން ފުންނޭވާއެއް ލިއެވެ. އަދި ދެންމެ ހިނގާދިޔަ ކަންތަކާއިމެދު އޭނާ ފިކުރު ހިންގާލިއެވެ. ތުންފަތަށް ހިނިތުންވުމެއް ވެރިވެގެން ދިޔައީ ޞޮފާގެ ޚިޔާލުންނެވެ.

ކެބިންއިން ބޭރަށް ނުކުތް ޞޮފާ އައިސް އޭނާގެ މޭޒު ކައިރީ ހުރި ގޮނޑީގައި އިށީނެވެ. އަދި އަމިއްލަ މޭގައި ދެއަތްޖައްސާލައިގެން ހެވިފައި އިނެވެ. މަޑުމަޑުން ތުންފަތުގައި އިނގިލިޖައްސާލުމާއިއެކު ރަކި ގޮތަކަށް ކުއްލިއަކަށް ދެއަތްތިލައިގެ ތެރޭގައި މޫނު ފޮރުވާލަމުން ދެފަރާތަށް ބޯހޫރުވާލިއެވެ. އޭނާ އަށް ކުރެވުނު ކަމަކީ އައު ކަމަކަށް ނުވިޔަސް، ރިހާމާއިއެކު އޭނާއަށް ކުރެވުނީ ވަރަށް ތަފާތު އިޙްސާސެކެވެ. އެއްފަހަރާ ޞޮފާގެ ހަށިގަނޑުގެ އެތަށް ހިއްސުތަކެއް ހޭލައިގަތް ކަހަލައެވެ. ތުންފަތުގައި ދަތްއަޅާލަމުން ރިހާމުގެ ޚިޔާލުތަކަށް ގެއްލިފައި ޞޮފާއަށް އިނދެވުނެވެ. ކުރިއަށް ދިއުމަށްޓަކައި ޞޮފާއަށް އެވަނީ ފެހި ސިގުނަލް ލިބިފައި ކަހަލަ އެވެ. ކުރިން ހުރި ޖެހިލުންވުން ކޮންމެވެސް ވަރަކަށް ކުޑަވެއްޖެއެވެ. އެކަމަކު ރިހާމާއި ކުރިމަތި ލުން ފަސޭހަ ކަމަކަށް ވުމާއިމެދު ޞޮފާގެ ހިތުގައި ސުވާލު އުފެދުނެވެ.

“ހެލޯ…” ރިހާމު އޭނާގެ ފޯނަށް ޖަވާބު ދިނެވެ.

“ތީ ވަރަށް ހެއްވާ މީހެއް، މިހާރު އަހަރުމެން ނުވޭ ދޯ ރައްޓެހިންނަށްވެސް” ރިހާމުގެ ފޯނަށް ގުޅައިގެން ހުރި ޖިނާހު ބުންޏެވެ.

“އެހެނެއްނޫން ޖިނާ، ހަމަ ބިޒީކަމުން ވަގުތެއް ނުވަނީ، މިރޭ ކޮފީ މޭޒު ދޮށަށް ޖައްސާލާނަން” ރިހާމު އެ ފޯނު ކޯލު ދިގު ކުރާކަށް ބޭނުމެއްނުވިއެވެ. ޖިނާހަކީ އޭނާގެ ގާތް ރަޙުމަތްތެރިއަކަށް ވިޔަސް ރިހާމުގެ ދިރިއުޅުމުގައި ހިނގާ ހުރިހާ ކަމެއް އޭނާއަކަށްވެސް ނޭނގޭނެއެވެ. ޖިނާހުގެ ކޯލު ނިންމާލުމާއިއެކު ރިހާމު ދެން ބަލާލީ ޖީބުން އޭނާގެ ފޯނާއިއެކު ނެނގި ޖިޔާގެ ފޯނަށެވެ. ވަގުތުން ފޯނުގައި އެއްވެސް މެސެޖެއް ހުރިތޯ އާއި އެއްވެސް މީހަކަށް ގުޅާފައި ހުރި ތޯ ބަލާލިއެވެ. އަދި ފޯނުގައި ރުފިޔާ ހުރިވަރެއް ބަލާލިއެވެ. ދެން އޭނާ ވިސްނީ ޖިޔާ އާއިމެދު ކަންތައްކުރާނެ ގޮތެކެވެ. އޭނާ ޖިޔާ އާއި ކައިވެނި ކުރަން ޖެހުނީ އެ ނޫން ގޮތަކަށް ނޫނީ އޭނާއަށް ޖިޔާ އާއި ގާތް ނުވެވޭނެކަން އެނގޭތީއެވެ. އެކަމަކު މިހާރު އޭނާގެ ހަޔާތަށް ޖިޔާ މުހިންމު ބާއޭ، އެއީ އޭނާއަށްވެސް ޖަވާބު ދިނުން ފަސޭހަ ސުވާލަކަށް ނުވިއެވެ. ޖިޔާ ގަދަ ހަދާލައިފައި އުޅުނު ގޮތް ރިހާމުގެ ލޮލަށް ސިފަވެގެން ދިޔައެވެ. އޭރު އޭނާއަށް ފެނުނު ޖިޔާ އާއި ކުރިން އޭނާއަށް ފެނުނު ޖިޔާ އަޅާކިޔާ ލެވުނެވެ. އޭނާ ބޭނުން ގޮތަކަށް ކަންތައް ކުރާކަށް ޖިޔާ މަޑުމަޑުން ނުހުންނާނެހެން ރިހާމަށް ފުރަތަމަ ފަހަރަށް ހީވާންފެށިއެވެ. ކުއްލިއަކަށް އޭނާގެ ވިސްނުމުގެ މައްޗަށް އެހެން ބާރެއް ނުފޫޒު ފޯރުވަން ފެށިއެވެ. ޞޮފާގެ ސަބަބުން އޭނާގެ ހަށިގަނޑަށްވެސް ބަދަލު ތަކެއް އަތުވެއްޖެކަން ގައިމެވެ. އޮފީހުގައި އިނުމުގެ ބަދަލުގައި ރިހާމު ބޭނުންވީ ޖިޔާގެ ގާތަށް ދާށެވެ. ރިހާމުގެ ސިކުނޑީގައި ޖިޔާގެ ޚިޔާލު ތަކާއި ޞޮފާގެ ސަބަބުން ހަށިގަނޑުގައި ހޭލައިގަތް ހިއްސުތަކާއި އެކުވަމުން ދިޔައެވެ. އިންތަނުން ތެދުވެ މޭޒުމަތީގައި އޮތް ދެ މޯބައިލް ފޯނު ނަގާ ޖީބަށް ލަމުން ކެބިންއިން ބޭރަށް ނުކުތެވެ. އެވަގުތު ރިހާމުގެ ލޮލުގައި އަޅައިގަތީ ކެބިންގެ ދޮރުފަތުގެ ދޭތެރެއަށް ލައްވާލާފައި އޮތް ރަތްފިނިފެން މަލެވެ. އެ މާ ފެނުމުންވެސް އެއީ ކާކުގެ ކަމެއްކަން ރިހާމަށް އެނގުނެވެ. ދޮރުހުޅުވާލުމާއިއެކު ވެއްޓުނު ފިނިފެންމާ ރިހާމު ނަގައިގެން ނުކުތީ އޮފީހުން ބޭރަށެވެ.

ތަޅު ހުޅުވުނު އަޑާއިއެކު އެނދުގައި އޮތް ޖިޔާ ފުންމައިގެން ތެދުވިއެވެ. އޭރު އޭނަ ހުރީ ވަރަށް ބަނޑުހައިވެފައެވެ. އެހެންނަމަވެސް އެންމެ ފުރަތަމަ ޖިޔާ ބޭނުންވީ ދޮރުން އެތެރެއަށް ވަން ރިހާމުގެ މޫޑު ހުރިގޮތެއް ބަލާށެވެ. ހައިރާންވީ ރިހާމު ރަތްކުލައިގެ ފިނިފެންމަލެއް ގެނެސް ރީތިވާ މޭޒުމަތީ ބޭއްވުމުންނެވެ. ޖިޔާ އަށް އެމައު ފެނި ކުޑަކޮށް ހިނިތުންވެލެވުނެވެ.

“އަހަންނާއިމެދު އެގޮތަކަށް ކަންތައް ކުރެވުނީތީ ރުއްސަން ގެނައި މަލެއްކަންނޭނގެ” ޖިޔާގެ ހިތަށް އެރިއެވެ. އެއްޗެއް ނުބުނެވިފައި ޖިޔާ ހުއްޓާ ރިހާމު އައިސް ޖިޔާގެ ގައިގާ ބައްދާލިއެވެ. ދެންވެސް ޖިޔާ ހީކުރީ އެއީ ރިހާމުގެ ފަރާތުން ފެނުނު ރަނގަޅު ފާލެއް ކަމުގައެވެ. ކުޑަހިނދުކޮޅެއްގެ ތެރޭގައި ޖިޔާގެ ތުންފަތުގައި ހުރި ހިނިތުންވުން ފިލައިގެން ދިޔައީ ކޮޓަރިއަށް ވަން ރިހާމު އުޅެން ފެށި ގޮތުންނެވެ. ޖިޔާގެ ހަށިގަނޑުގެ އެތަން މިތަނުގައި ބީހެންފެށި ރިހާމުގެ އަތްތިލަ ދުރުކޮށްލަން އޭނާ މަސައްކަތް ކުރިއެވެ.

“އަހަރެން މިހިރީ ވަރަށް ބަނޑުހައިވެފަ” ޖިޔާ، ރިހާމުގެ އަތުގެ ތެރޭން ދުރަށް ޖެހިލަން މަސައްކަތް ކުރަމުން ބުންޏެވެ.

“މިހާރަކު ނޫން، ގިނައެއް ނުވާނެޔޭ، އާދެބަލަ” ރިހާމު، އޭނާ އާއި ދުރަށް ދާން މަސައްކަތް ކުރި ޖިޔާގެ ދެއަތުގައި ހިފައި ގަޔާއި ކައިރިއަށް ދަމާލިއެވެ. ޖިޔާގެ ނުރުހުމުގައިވިޔަސް ރިހާމު އޭނާ ބޭނުންވި ކޮންމެ ކަމެއް ދިޔައީ ކުރަމުންނެވެ. ހިތްހަމަ ނުޖެހިފައި އޮތް ޖިޔާއަށް ރިހާމުގެ ސަބަބުން ލިބެމުންދިޔައީ އިތުރު ވޭނެކެވެ. އެހެން ފަހަރު ތަކާއި ޚިލާފަށް ރިހާމު މިރޭ އޭނާގެ އަތުގެ ތެރެއިން ޖިޔާ ސަލާމަތްވިޔަކަ ނުދިނެވެ. ޖިޔާ ނޫނެކޭ ބުނެބުނެ ހުއްޓަވަސް ރިހާމު އޭނާއަށް މަޖުބޫރު ކުރުމުގެ ނަތީޖާއަކަށްވީ ޖިޔާއަށް ހޮޑުލެވުމެވެ. ޖިޔާ ނުކައި ގިނައިރު ވެފައި ވުމާއިއެކު އޭނާއަށް ހޮޑުލެވުނީއެވެ. އެވެސް ރިހާމުގެ ގަޔަށާއިއެކުއެވެ.

ދެމީހުނަށްވެސް ދުއްވައިގަނެވުނީ ފާޚާނާ އާއި ދިމާލަށެވެ. ޖިޔާ އަނގަ ދޮވެލުމާއިއެކު ފެންވަރާ މާގަނޑު ދަށަށް ޖެހިލިއެވެ. އެއާއިއެކު ރިހާމުވެސް ޖިޔާގެ ފަހަތުން އައިސް ފެންމާގަނޑު ދަށަށް ވަދެއްޖެއެވެ. އޭނާ ޖިޔާ އާއި ދުރަށްދާކަހަލަ ޚިޔާލެއް ނުކުރިއެވެ. އެކަންވެސް ޖިޔާއަށްވީ އިތުރު އުނދަގުލަކަށެވެ. އެވަރުންވެސް ޖިޔާ އެއްޗެކޭ ބުނާކަށް ބޭނުމެއް ނޫނެވެ. އެއީ މިއަދު ރިހާމު ކުރިފަދަ ކަމެއް ދެން ދުވަހަކުވެސް ދެކެން ޖިޔާ ބޭނުންނުވާތީއެވެ. ކޮޓަރީގައި ބަންދުވެގެން އިނުމަކީ ޖިޔާ އަށް ކެތްވާނޭކަމެއްނޫނެވެ. އެހެންނޫނަސް އެ ހުރިހާ އިރު ކޮޓަރީގައި އޮވެ ޖިޔާ ރަނގަޅު ރޭވުމެއް ވަނީ ރާވާލަފައެވެ. ރިހާމާއިއެކު އެންމެ ދުވަހެއްވެސް ދިރިއުޅެން ޖިޔާ ބޭނުމެއްނޫނެވެ. އޭނާ ބޭނުންވަނީ އެނބުރި އޭނާގެ ގެއަށް ދާށެވެ. އަދި މަންމަ އަށް ހުރިހާ ވާހަކައެއް ކިޔާދޭށެވެ.

ފާޚާނާ އިން ރިހާމު ނުކުންތާ ގިނައިރެއް ނުވެ ޖިޔާވެސް ނުކުމެއްޖެއެވެ. ތުވާލި ކޮޅަކުން ހަށިގަނޑު ނިވާކޮށްލައިގެން ނުކުން ޖިޔާއަށް ރިހާމު ނަޒަރު ހުއްޓާލައިގެން ހުއްޓެވެ. ހިތާ ހިތާ އޭނާ އަށް ފެންނަމުން ދިޔަ ރީތިކަމަށް ތަޢުރީފު ކުރަމުންނެވެ. އެވަގުތު ޖިޔާ ރިހާމަށް ބަލާލާފައި ހިނިތުންވެލުމުން އަދި ވަކިން ރިހާމުގެ ހިތަށް އަސަރުކުރިއެވެ.

“މިއަދު އެހާ ހިތްހަމަ ނުޖެހިފަ ހުރިހެނެއް ހިޔެއްނުވޭ، އަނެއްކާ ޖިޔާ ހިތްހަމަޖެހޭ ގޮތަކަށް އަހަންނަށް ކަމެއް ކުރެވުނީތަ” ރިހާމުގެ ސިކުނޑީގައި ސުވާލު އެނބުރިގަތުމާއިއެކު ދުލުން ބޭރުކޮށްލިއެވެ.

“ރިހާމަކީ ގޯސް މީހެއް ނޫންކަން އަހަންނަށް އެނގޭ، ރިހާމު އަހަންނާއިމެދު ވަރަށް ކެއަރ ކުރާކަންވެސް އެނގޭ، އަހަންނަށް ހީވަނީ އަހަންނަށްހެން ކަންތައްތައް މާ ބޮޑު ކޮށްލެވެނީ، އަސްލު މިއަދު މާ ބޮޑަށް އޯވަރ ވެވުނީކަން މިހާރު އެނގޭ، އެކަމާ ސޮރީ، އަހަންނަށް އެނގޭ އަހަރެންގެ ހަސްބަންޑަކީ ކިހާ ބިޒީ މީހެއްކަން، ކިތައް ކްލައިންޓުން ގެންގުޅެން ޖެހޭނެކަން…” ޖިޔާ އެންމެ ފަހު ޖުމްލަ ބުނެލަމުން ދެއްކުން ތެރިކަމުގެ ހިނިތުންވުމަކުން ހީނލިއެވެ.

“އެހެންވީމަ އޭގެ މާނަޔަކީ ޖިޔާ އަހަންނާއިއެކު އުޅެން ބޭނުންވެޔޭތަ، އަހަރެންދެކެ ލޯބިވެސް…” ރިހާމު ޔަގީން ނުވާ ކަހަލަ ގޮތަކަށް ލޯ ހިމަކޮށްލަމުން ޖިޔާ އަށް ބަލާލިއެވެ.

“ސޮރީވެސް ބުނެފީމެންނު، ރިހާމު ރުޅި އަންނަ ކަމެއް ދެން ނުކުރާނަމޭ، މިވަރުން އެނގޭނެ އަހަރެން ބޭނުންވާ ގޮތް” ލޯބިވެތި ބަލާލުމަކާއިއެކު ޖިޔާ ތުއިގޮތަކަށް ހިނގާލާފައި އައިސް ރިހާމުގެ ދާދި ގާތުގައި މަޑުކޮށްލަމުން އޭނާގެ ނިތްމައްޗަށް ވެރިފައި ހުރި އިސްތަށިތަކާއި ކުޅެލިއެވެ. ޖިޔާގެ ޢަމަލުތަކުން ހައިރާންވެފައި ރިހާމު ހުއްޓެއް ކަމަކު އޭނާ އަށް އެ ހަރަކާތްތައް ވަރަށް ކަމުދިޔައެވެ. އިތުރަށް ޖިޔާގެ ގާތަށް ދަމާ ބާރެއް ރިހާމުގެ ހިތަށް އިޙްސާސް ކުރެވިގެން ދިޔަ ކަހަލައެވެ. ހެވިފައި ހުއްޓާ ޖިޔާ އައިސް އަލަމާރިން ހެނދުން ނަގާ ތައްޔާރުވާން ފެށިއެވެ.

“ބުނީމެންނު ވަރަށް ބަނޑުހައިވެފައި ހުރި ވާހަކަ، މިހާރު ބަނޑުހައިކަންވެސް ފިލީތަ” ރިހާމު އޭނާގެ ފަހަތުގައި ހުރި ޖިޔާ އާއި ދިމާލަށް އެނބުރިލަމުން އަހާލިއެވެ.

“ނޫން، އަދިވެސް ވަރަށް ބަނޑުހައި، އެކަމަކު ރިހާމު ބޭނުމެއްނޫނެންނު އަހަންނަށް ކާއެއްޗެއް ދޭކަށް” ދެރަވެލައިފައި ޖިޔާ މިހެން ބުނިއިރު އޭނާގެ މޫނުމައްޗަށް އެތަށް ވައްތަރެއް ޖެއްސިއެވެ. ހީވަނީ ޅަކުއްޖެއް ބޮޑާހާކާލި ހެންނެވެ. ރިހާމުގެ ގާތަށް ވަގުތުން ހިނި އައެވެ.

“ހިނގާ އަވަހަށް ކާން، އަހަރެންވެސް ވަރަށް ބަނޑުހައި އެބަވޭ، އަހަރެންވެސް ޖިޔާ އާއިއެކު ކާނަން” ރިހާމު ހިނިތުންވެލައިގެން ހުރެ ބުންޏެވެ.

ދެމަފިރިން އެކުގައި ފެނުމުން ލަޔާ ބަލަހައްޓައިގެން ހުރީ ހައިރާންވެ ޤަބޫލު ކުރަން ދަތިވެފައި ހުރި ފަދަ ގޮތަކަށެވެ. ރިހާމާއިއެކު ހެވިލާފައި ހުރެ އައިސް ޖިޔާވެސް ކާމޭޒު ކައިރީ އިށީނދެއްޖެއެވެ. އޭނާ ކުޅެމުން އެ ދާ ޑްރާމާގެ ހަޤީޤަތް އެނގެނީ ޚުދު ޖިޔާ އަށެވެ. އެކަމުގައި ރިހާމު ބަނދެވެމުންދާ މިންވަރެއް އޭނާ ޔަގީން ކުރަންވެސް ބޭނުންވިއެވެ. އެހެންވެ ލަޔާ މޭޒު މައްޗަށް ކާން ހަދަ ހަދާ ހުއްޓައި އެކަން ޖިޔާ ހުއްޓުވިއެވެ.

“ރިހާމު، މިރޭ އަހަރެން ކާހިތްވަނީ ބޭރުން، އަހަރެން މިވަރަށް ބަނޑުހައި ކޮށްފަ، ރިހާމު އަހަންނަށް މީރު ކާއެއްޗެއް ނުދޭނަންތަ” ޖިޔާ ބުންޏެވެ.

“އައި އެމް ސޮރީ ޖިޔާ، އަހަންނަށް ޖިޔާ ގޮވައިގެން ރެސްޓޯރަންޓަކަށް ނުދެވޭނެ، އެކަމަކު އެބައޮތް އެހެން ގޮތެއް، ހިނގާ ކާއެއްޗެއް އޯޑަރކޮށްގެން ގެންނަމާ، ދެން ކާލައިގެން ފަހުން އަހަރެން ޖިޔާ ގޮވައިގެން ކާރު ދުއްވާލަން ހިނގައިދާނަން، އެވަރު އޯކޭތަ” ރިހާމު، ޖިޔާގެ ކޯތާފަތުގައި ފިރުމާލަމުން އަހާލީ މަސްތުވެފައި އިން މީހަކު ފަދައިންނެވެ. ޖިޔާ އަވަސް އަވަހަށް ބޯޖަހާލީ ރިހާމުގެ ހުށަހެޅުމާއި އެއްބަސް ވާކަމުގައި ބުނުމުގެ ގޮތުންނެވެ.

މުޅި ރޭގެ ބޮޑުބައި ހޭދަވެގެން ދިޔައީ ރިހާމުގެ އަތުގެ ތެރޭގައި ޖިޔާ އޮވެއެވެ. އެތަށް ވާހަކައެއް ރިހާމު ޖިޔާ އާއި ދެއްކިއެވެ. ލޯބިވޭތޯވެސް ރިހާމު ސުވާލު ކުރިއެވެ. އެހެންނަމަވެސް ޖިޔާ އެއްފަހަރުވެސް ރިހާމުގެ އެ ސުވާލަކަށް ޖަވާބެއް ނުދެއެވެ. ކޮންމެފަހަރަކުވެސް އެހެން ވާހަކައެއް ދައްކާލާފައި އެކަން ފޫބައްދާލަނީއެވެ. ރިހާމުގެ މޫނަށް ލިބެމުންދިޔަ ބޮސްދިނުން ތަކާއި އެ މެޔަށް އިޙްސާސް ކުރެވެމުންދިޔަ ބީހުންތަކުގެ ސަބަބުން، މީގެ ކުރީގައި ހިތްހަމަ ނުޖެހޭ އެތަށް ގުނައަކަށް ރިހާމު އޮތީ ހިތްހަމަޖެހި އުފާވެފައެވެ. އޭނާ އަށް ވިސްނުނު ގޮތުގައި ޖިޔާ މިހާރު އެހުރީ ޝޫޒާ އާއިމެދު ހަސަދަވެރި ވެފައެވެ. ޖިޔާ، އޭނާދެކެ ލޯބިވާތީވެ އެއްގޮތަކަށްވެސް ދުރަށްދާން ބޭނުންނުވާކަން އަންގަން މިހާރު މަސައްކަތް ކުރަނީއެވެ. މިފަދަ ޚިޔާލުތަކެއްގައި އޮއްވާ ރިހާމަށް ނިދުނީ ކޮންއިރަކު ކަމެއްވެސް ނޭނގެއެވެ. ރިހާމަށް ނިދުނުކަން ޔަގީންވުމުން މަޑުމަޑުން ޖިޔާ އޭނާގެ އަތުގެ ތެރެއިން ދުރަށް ޖެހިލަމުން އެނދުން ފޭބިއެވެ. އަދި އެނދުކައިރީ ރިހާމަށް ބަލަހައްޓައިގެން އޭނާ އަށް ހުރެވުނެވެ.

ފުރޮޅި ލުމާއިއެކު ރިހާމު އޭނާގެ ހަށިގަނޑު ދަމާލަމުން ކުޑަކޮށް ބޯހިތްލާލިއެވެ. ކޮޓަރީގައި ހުރި ފަނޑު އަލިކަމުގެ ތެރެއިންވެސް އެނދުމަތީގައި ޖިޔާ ނެތްކަން ރިހާމަށް ފާހަގަ ވިއެވެ. ދެން ބަލާލެވުނީ ފާޚާނާ އާއި ދިމާލަށެވެ. ފާޚާނާގެ ލައިޓު ހުރީ ނިއްވާލާފައެވެ. ރިހާމު އަވަސް އަވަހަށް ގަޑިއަށް ބަލާލިއެވެ. ހެނދުނު ނުވައެއް ޖަހާ ދިޔައީއެވެ. ފުންމައިގެން އެނދުން ތެދުވުމާއިއެކު އަވަހަށް ވަނީ ފާޚާނާ އަށެވެ. ޖިޔާ މިހާރު އިންނާނީ ސައިބޯންކަން ރިހާމުގެ ހިތަށް އެރިއެވެ. އަނެއްކޮޅުން އޮފީހަށްވެސް ނުކުންނަން ޖެހެއެވެ. ވަރަށް މުހިންމު ކަމެއް އޮތީ ނިންމަންވެސް ވެފައެވެ. ޖިޔާ އަށް ފެނިލާފާއި ދިއުން މައްސަލައަކަށް ނުވާނެކަމުގައި ރިހާމު ދެކުނެވެ.

ފަތިހު އެރި އިރާއިއެކު ޖިޔާ ހުރީ ޖަވާހިރުމާގޭގެ ދޮރޯށި ދޮށުގައެވެ. އެ ގެ ފެނުމުން އޭނާ ވަރަށް ހައިރާންވެސް ވިއެވެ. ބުރި ބުރިއަށް ގެ ނަގާލާފައި ހުރިލެއް އަވަސް ކަމުންނެވެ. އެންމެ ޒަމާނީ ފެންވަރަށް ސެކިއުރިޓީ ސިސްޓަމްތައް ހަރުކޮށްފައި ހުރި ދޮރާއްޓަކާއި އެކުއެވެ. އެއީ ޖިޔާގެ އަގު ބާއޭ އޭނާގެ ހިތަށް އެރިއެވެ. އެހެން ހިތަށް އެރުމާއިއެކު އޭނާގެ ހިތަށް ވަރަށް ތަދުވެއްޖެއެވެ. ދޮރޯށި ކައިރީ ހުރި ސުވިޗުތަކުން ފިއްތަންވީ ކޮން ސުވިޗަކަށް ކަމެއް ޖިޔާ އަކަށް ނޭނގުނެވެ. އަމިއްލަ ގެ ކަމުގައިވިޔަސް މިހާރު އެ ގޭގާއި ޖަހަނީ ބީރައްޓެހި ގޮތެވެ. ޔަގީނުންވެސް މިހާރު އެއީ އޭނާ ދޫކޮށްފައި ދިޔަ ގެއެއް ނޫނެވެ. ދޮރޯށީގައި އަތްގަނޑެއް ނެތުމުގެ ސަބަބުން ހުޅުވަން ހަދާނެގޮތެއްވެސް ޖިޔާ އަކަށް ނޭނގުނެވެ. ދެތިން ފަހަރަށް ދޮރުގައި އަޅާ އެތެރެއަށް ވާގޮތަށް ކޮށްޕާވެސް ލިއެވެ. ނަމަވެސް އެ ދޮރު ގުޑާވެސް ނުލިއެވެ. ޖިޔާ އަށް ޖެހުނީ ގޭތެރެއިން މީހަކު ނުކުންނަން ދެން ދޮރޯށި ދޮށުގައި މަޑުކުރާށެވެ.

“އެކްސްކިއުޒް މީ، މިގޭގަ ޝާކިރާ ކިޔާ މީހަކު އުޅޭތަ” ގަޑިއެއްހާ އިރު ވޭތުވެގެން ދިޔަ ފަހުން ފިރިހެނަކު އެގެއިން ނުކުތެވެ. ކުއްލި އަޑެއް ކިޔުމާއިއެކު ދޮރޯށި ހުޅުވުނީ އެތެރޭންކަން އެނގުނެވެ. އެމީހާ ހެދުން އަޅާފައި ހުރި ގޮތުން އެނިކުތީ ކޮންމެވެސް އޮފީހަކަށް ދާންހެން ޖިޔާއަށް ހީވިއެވެ. އަތުގައި ފޯނެއްހާ ހިސާބުވެސް ނެތުމުން ގަޑިން ވީއިރެއްވެސް ޖިޔާއަށް އެނގެނީއެއް ނޫނެވެ. ޖިޔާ ކުރި ސުވާލަށް އެމީހާ ޖަވާބު ދެމުން މަޑުކުރުމެއްނެތި ނުކުމެގެން ދިޔައީއެވެ. ޖިޔާ އަވަސް އަވަހަށް ގޭތެރެއަށް ވަނެވެ. އަދި ކުރިމަތިން އޮތް ކުޑަ ކުޑަ ހޯލްވޭގައި ހުރި ލިފްޓަށް އަރާ ފިތަކަށް އޮބާ ލައިފިއެވެ. އޭރު އޭނާގެ ހިތް ބާރަށް ތެޅެމުން ދިޔައެވެ. ސިކުނޑީގައި އެތަށް ސުވާލުތަކެއް ފުނިޖެހެމުން ދިޔައެވެ. ލިފްޓުގައި ހުރިއިރު އޭނާގެ ތިރީތުންފަތް އެއްވަރަކަށް ހަފާލަ ހަފާލަ ހުއްޓެވެ. އިރުއިރުކޮޅާ ލިފްޓުގެ މަތީގައި ނަންބަރު އަރަމުން ދާ ސްކްރީނަށް ބަލާލައެވެ. ލިފްޓު ހުއްޓުމާއިއެކު ޖިޔާއަށްވެސް ލޮޅުން އެރިއެވެ. ކުރިއަށްވުރެ ހިތްއަވަސް ވެފައި ހުރެ ލިފްޓުން ނުކުމެ ފެންނަން ހުރި ދޮރުގައި ޓަކި ޖަހާލިއެވެ. ދޮރުގެ އެއްފަރާތުގައި ހަރުކޮށްފައި ހުރި ބެލް ސުވިޗު ޖިޔާއަށް ފެނުނީ ދެނެވެ. އަވަސް އަވަހަށް އެއަށް އޮބާލައިފިއެވެ. އަދި މީހަކު އަންނަން ވާއިރަށް ދެއަތުން ކަންފަތުގެ ފަހަތަށް ވާގޮތަށް އިސްތަށިގަނޑު އަޅުވާލާ ރަނގަޅުކޮށްލަމުން ފުންނޭވާއެއް ބޭރުކޮށްލިއެވެ. އެގޮތަށް އިރުކޮޅަކު ހުރި އިރުވެސް މީހެއްގެ ޚަބަރެއް ނުވުމުން އަނެއްކާވެސް ޖިޔާ ބެލް ޖަހާލައިފިއެވެ.

“ޖިޔާ…” ދޮރު ހުޅުވާލި ޖިޔާގެ ދައްތަ ޒީޝާ ހައިރާންވެފައި ބުނެލިއެވެ. ޖިޔާ އަށްވެސް އިރުކޮޅަކު ބަލަހައްޓައިގެން ހުރެވުނީއެވެ.

“ކިހިނެއްވެފަ ތި ހުންނަނީ، ކިހިނެއްވީ މިގެއަށް އަންނަން ޖެހުނީ، ކޮބާ ރިހާމު” ޒީޝާ ވާހަކަދެއްކި ގޮތުން ޖިޔާ އަށް ނުވިސްނުނެވެ. އެ ގެއަކީ އޭނާ އުޅެބޮޑުވި ގެއެވެ. އެ ގެއަށް އޭނާ ބޭނުން އިރަކު އާދެވޭނެ ނޫންހެއްޔެވެ. އަދި އަމިއްލަ ގެއަށް އައުމަށް އެއްވެސް ޚާއްޞަ ސަބަބެއް އޮންނަން ޖެހޭ ހެއްޔެވެ. ހިތަށް ކުރި އަސަރާއިއެކުވެސް ޖިޔާ ގޭތެރެއަށް ވަނެވެ. އެވަގުތު އޭނާގެ ލޯ ތަރަތަރަ ޖަހައިގެން ދިޔައެވެ. ގޭތެރޭގެ ހުރިހާ ކަމެއް ބަދަލުވެއްޖެއެވެ. ކުރީގެ އާދައިގެ ދިރިއުޅުމުގެ އެއްވެސް އަސަރެއް އެ ތަނަކުން ނުފެނުނެވެ. މުއްސަނދި ކަމުގެ ކުލަވަރު ދިމަ ދިމާލުން ދަޅައަޅަމުން ދިޔައެވެ. އެއިން ކޮންމެ ދިމާލަކުން ޖިޔާ އަށް ފެންނަމުން ދިޔައީ ރިހާމެވެ. އޭނާގެ ފައިސާގެ ނޫޓުތަކެވެ. އޭގެ އިތުރުން ޖިޔާގެ ނިކަމެތިކަމެވެ. އާރެއް ބާރެއް ނެތްކަމުގެ އިޙްސާސް ޖިޔާ އަށް ކުރެވިގެން ދިޔައެވެ.

“މަންމާ! މަންމާ! މިހިރީ ޖިޔާ ގެއަށް އައިސް” ޒީޝާ އެތެރެއަށް ހިނގައިގަންނަމުން ނިކަން ބާރަށް ޝާކިރާ އަށް ގޮވާލަމުން ބުންޏެވެ. ޒީޝާ ހީވަނީ ކޮންމެވެސް ކަމަކާ ޖިޔާ ދެކެ ހިތްހަމަ ނުޖެހިފައި ހުރި ހެންނެވެ. ގުޑިލަން ނުކެރިފައި ޖިޔާ ހުރީއެވެ.

ޒީޝާގެ އަޑު ބަދިގޭގައި ހުރި ޝާކިރާގެ ކަންފަތާއި ހަމައަށް ފޯރީ އައްޔަށްވުރެވެސް ހަލުވިކަމާއި އެކުގައެވެ. ރޮށި ދަމަން ހުރެފައި ވަގުތުން ދެއަތް ފޮޅާލާފައި ދުވެފައި ކަހަލަ ގޮތަކަށް ސިޓިން ރޫމާއި ދިމާލަށް އައެވެ. ހިނިއައިސްފައި ހުރިލެއް ބޮޑުކަމުން ދެމިފައި ހުރި ތުންފަތް ކަންފަތުގެ ފޫޅުގަނޑާއި ހަމައަށް ހީވަނީ ފުޅާވެގެން ހިނގައިދާނެ ހެންނެވެ.

“ކޮބާ ރިހާމު، ދަރިފުޅު އެކަނިތަ ތިއައީ” ޖިޔާ ފެންނަ ހިސާބަށް އާދެވުމާއިއެކު ޝާކިރާގެ ލޯ ހޯދާލީ ބޭރު ދޮރާ ދިމާލެވެ. ޖިޔާ އެއްވެސް އެއްޗެއް ނުބުނެ މަޑުމަޑުން ހުރީއެވެ. ޝާކިރާ އެއްޗެއް އަހަން އުޅެފަވެސް ޖިޔާ އަށް ވަރަށް ރަނގަޅަށް ބަލާލިއެވެ. އެ މޫނު މަތިން ޝާކިރާ ހިތްހަމަޖެހޭފަދަ ކުލަވަރެއް ނުފެނުނެވެ. ދެލޯ ބޮޑުކޮށްލުމާއިއެކު ޝާކިރާ އައިސް ޖިޔާގެ ގާތުގައި ހުއްޓުނެވެ.

“ޖިޔާ، ރިހާމުތައް ޖިޔާ މިގެއަށް ގެނައި” ޝާކިރާގެ ހިނިތުންވުން ފިލާ ހިނގައްޖެއެވެ. އޭރު އެ ދެމައިންނަށް ބަލަން ދުރުގައި ހަޝަމް ބަނދެލައިގެން ޒީޝާ މަޑުކޮށްލައިގެން ހުއްޓެވެ. އޭނާގެ ދެ ލޮލުން އޭރުވެސް ފެންނަމުން ދިޔައީ ނުރުހުމާއި ރުޅިވެރިކަމެވެ.

“މަންމާ!…” ޝާކިރާ އަށް ޖަވާބެއް ދިނުމުގެ ބަދަލުގައި ޖިޔާ އަށް ރޮވުނީއެވެ. ވަގުތުން ޝާކިރާގެ ހިތްބިރުގަތެވެ. ޖިޔާ އަށް ވީ ގޮތެއް އޮޅުން ފިލުވަން އޭނާ އަވަސްވެގަތެވެ. އެކި އެކި ސުވާލުތައް ކުރަން ފެށިއެވެ. އެހެންނަމަވެސް ޖިޔާ، ޝާކިރާގެ ގައިގާ އޮޅުލައިގަންނަމުން ރޮމުން ދިޔައެވެ. މަންމަގެ ގާތަށް އާދެވުމުން އޭނާގެ ޟަމީރަށްވެސް ހަމަޖެހުމެއް ލިބިގެން ދިޔަ ކަހަލައެވެ. ޝާކިރާ އޭނާ އާއި ޖިޔާ ދުރުކޮށްލިއެވެ. އަދި ދަރިފުޅު ގޮވައިގެން އައިސް ސޯފާގައި އޭނާ ބައިންދަމުން ގާތުގައި އިށީނދެއްޖެއެވެ.

“ޖިޔާ، ރޮނީ ކީއްވެތަ، ކީއްވެތަ ދަރިފުޅާއިއެކު ރިހާމު މިގެއަށް ނައީ، ދެން ނުރޮއެ ހުއްޓާލާފަ މަންމަ މި އަހާ އެއްޗަކަށް ޖަވާބެއް ދީބަލަ، ކޮބާތަ ރިހާމު، ތިހެން ރޯކަށް މިހާރު ތީ ކުޑަކުއްޖެއްވެސް ނޫނެންނު” ޝާކިރާގެ އަޑުގައި ޖިޔާ ބޭނުންވި އޯގާތެރިކަމެއް ނެތެވެ. ކަރުނުން ފުރިފައިވި ލޮލާއިއެކު ޖިޔާ އަށް ޝާކިރާ އަށް ބަލާލެވުނެވެ. ގިނަ ދުވަސް ތަކަކަށް ފަހު ޖިޔާ އާއި ބައްދަލުވުމުންވެސް ޝާކިރާ އަށް މުހިންމުވީ ރިހާމެވެ. ޖިޔާ އަށް ހީކުރެވުނީ އެހާ ދުވަސްކޮށްފައި މަންމައަށް އޭނާ ފެނުމުން އޭނާގެ ގައިގާ އޮޅުލަ އޮޅުލާފައި މައިވަންތަކަމުގެ ލޯބިން އޭނާގެ ހިތް ފުރާލަ ދޭނެކަމަށެވެ. ނަމަވެސް ރިހާމު އޭނާ އާއިއެކު ފެންނަން ނެތުމުން ޝާކިރާގެ ފަރާތުން މަރުޙަބާ ކިޔުމެއްނެތެވެ. ޖިޔާ ހިންދިރުވާލި ގޮތުން ހީވީ އޭނާގެ ކަރުނަތައްވެސް ދިރުވާލަން މަސައްކަތް ކުރި ހެންނެވެ. ދެއަތްތިލައިން ދެކޯތާ ފަތް ފޮހެލީ ލޮލުގައިވި ކަރުނަތަކާއިއެކު އެކަރުނައަށް ހުއްޓުމެއް ގެނައުމަށެވެ.

“ރިހާމެއް ނާދޭ، މަންމާ، އަހަރެން ބޭނުމެއްނޫން އޭނާ އާއިއެކު އުޅޭކަށް” ޖިޔާ މިހެން ބުނުމުން ޝާކިރާ ވަރަށް ހިތްހަމަނުޖެހުނެވެ.

“އަހަރެން ކިހާ ނަޞޭހަތެއް ދީފަ ރިހާމާއިއެކު ޖިޔާ ފޮނުވީ، ދެން ކޮންސަކަރާތެއް ޖަހާކަށް ތިއުޅެނީ، ބުނެފީމެންނު ތީ ކުޑަކުއްޖެއް ނޫނޭ ތިގޮތަށް ޅަވެގެން އުޅޭކަށް، ރިހާމު ކީކޭ ހިތަށް އަރާނީ ތިހެން ކަންތައް ކުރީމަ، ޖިޔާ… އެއްގޮތަކަށްވެސް މިގެއަށް ތިގޮތަށް އައިސް އިންނާކަށް އަހަރެން ޤަބޫލެއް ނޫން” ޝާކިރާ ބުންޏެވެ.

“ރިހާމު، ރިހާމު… މަންމަ އަށް އޭނާ ކިތަންމެ ރަނގަޅުވިޔަސް އަހަންނަށް އޭނާ ކަމަކު ނުދެޔޭ، އޭނަ އަހަރެން ގެންގުޅެނީ ކިހިނެއްކަން މަންމަ އަށް އެނގޭނަމަ ތިހެނެއް ނުބުނާނެ، މަންމާ، ރިހާމު އިއްޔަވެސް ދިޔައީ އަހަރެން ކޮޓަރީގައި ތަޅުލާފަ، އޭނާ އައިސް ދޮރު ހުޅުވަންދެން އަހަރެން ހުރީ ބަނޑުހައި ހޫނުކަންމަތީގައި، އިއްޔެ އެ ފުރީ ރިހާމު އަހަރުމެންގެ އެޕަރޓްމަންޓަށް ގެނެސްގެން އުޅުނު އަންހެން މީހާ، އަހަރެން މީ އަނބިމީހާ އެކަމަކު ރިހާމު އަހަންނަށް ވަގުތު ދިނުމުގެ ބަދަލުގައި ހަތަރުދަމު އުޅުނީ އެ އަންހެން މީހާ ގޮވައިގެން ބޭރުގައި، އެންމެ ކުޑަމިނުން އަހަރެންގެ ޢާއިލާ މީހުންނާއިވެސް ގުޅުން ބާއްވާކަށް ރިހާމު ޤަބޫލެއް ނޫން، ރަޙުމަތްތެރިންނާއި ބައްދަލު ކޮށްލުމުގެ ފުރުޞަތުވެސް އަހަންނަށް ނެތް، މީތަ މީހުންނާއި އިނދެގެން އުޅެންޖެހޭ ގޮތަކީ، ޤައިމު މަންމަ އުޅުނީ އެހެނެއްނޫން، ބައްޕަ ދުވަހަކުވެސް މަންމަ އާއި މެދު އެފަދަ ގޮތަކަށް ކަންތައްކޮށްފައެއް ނުވޭ، ހެޔޮނުވާނެ މަންމާ، ރެޔާއި ދުވާލު ހުސްވެގެން ދާއިރު އެހެން މީހުންނަށް ފާޅުގައި ނުފެނުނަސް އަހަރެންގެ ހަށިގަނޑަށް ލިބެމުން މިދަނީ އަނިޔާއޭ، އެއް ފަހަރުވެސް ވިސްނާލަ ބަލަ، ރިހާމުގެ ފައިސާ އަށްވުރެ މަންމަ އަށް އަހަރެން މުހިންމެއް ނޫންތަ” ޖިޔާ އާދޭސް ކުރަމުން ދިޔައެވެ. އޭނާގެ ހާލު ޝާކިރާ އަށް ވިސްނައި ދެވޭތޯއެވެ.

“އެހެންވިޔަސް ހެޔޮ، ޖިޔާ ނުޖެހޭނެ މިގެއަށް އަންނާކަށް، މިހާރު މިގެއަކު ޖިޔާ އަކަށް އެއްވެސް ޖާގައެއް ނެތް” ކުއްލިއަކަށް ޒީޝާ އައިސް އެ ދެމައިންގެ ކުރިމަތީ ހުއްޓެމުން ބުންޏެވެ.

“ޒީއްތާ، ޕްލީޒް، ތިހެން ނުބުނޭ، އަހަރެން މިގެއިން ފޮނުވާ ނުލާ” ޖިޔާގެ ލޮލުން ކަރުނަތައް ފައިބައިގަތެވެ. އެނބުރި ދިއުމުން ރިހާމު އޭނާ އަށް ހަދާނެ ގޮތަކާއިމެދުވެސް އޭރު ޖިޔާ އިނީ ހިތްބިރު ގެންފައެވެ. އޭގެ އިތުރުން ޒީޝާ އެފަދަ ގޮތަކަށް ޖިޔާ އާއި ވާހަކަދައްކަން ޖެހޭ ސަބަބެއް އަދިވެސް އޭނާއަކަށް ނުވިސްނުނެވެ.

“މީ ޒީޝާ އާއި ބެހޭ ކަމެއް ނޫނެންނު، އެހެންވީމަ ތިގޮތަށް ވާހަކަނުދައްކާ މިތަނުން ދޭ” ޝާކިރާ އޭނާގެ ދޮށީ ދަރިފުޅާއި މެދުވެސް ހިތްހަމަނުޖެހުނެވެ. އަދި ޒީޝާ ލޮލަށް ގެއްލެންދެން ބަލަހައްޓައިގެން އިނދެފައި ޖިޔާ އަށް ބަލާލަމުން ވާހަކަދައްކަން ފެށިއެވެ. އެވަގުތު ޝާކިރާ އަށް ފޯނެއް އަންނަ އަޑު ބަދިގެ ފަރާތުން އިވުނެވެ. އެހިނދު އަވަސް އަވަހަށް ތެދުވެގެން އޭނާ ހިނގައިގަތީ އެތެރެއަށެވެ. ފިކުރުބޮޑުވެފައި ހުރެއެވެ. އެ ގުޅަނީ ރިހާމަށް ވެދާނެތީއެވެ. ރިހާމު ހިތްހަމަ ނުޖެހިއްޖެއްޔާ ދެން ވާނެ ގޮތަކާއިމެދު ޝާކިރާ އަށް ވިސްނާލެވުނެވެ. ސިކުނޑިއަށް ޖަމާވެގެން ދިޔައީ ހުސްވެސް ކަމުނުދާ ޚީޔާލުތަކެވެ. ތިރީގައި ހުރި ކަބަޑު ސެޓުތަކުގެ މަތީގައި އަޅާފައި އޮތް މާބަލް ހިލައިގެ މަތީ ކޮންމެ ރިންގަކާއިއެކު ތެޅެމުންދާ މޯބައިލް ފޯނު ޝާކިރާ ނަގާ ބަލާލިއެވެ. އޭނާ އެތެރެއަށް ދަމާލި ނޭވާ ވައިނޮޅީގައި ތާށިވި ކަހަލައެވެ.

“ރިހާމު…” މަޑުމަޑުން ފޯނުގެ ސްކުރީނަށް ބަލަހައްޓައިގެން ހުރެ ޝާކިރާއަށް ބުނެލެވުނެވެ. ސިކުނޑިއަށް އަރާ ފައިބަމުން ދާ އެކި އެކި ޚިޔާލު ތަކާއިއެކު ހަދާނެ ގޮތެއް ނޭނގިފައި ހުރެ ފޯނު ހިފައިގެން ޝާކިރާއަށް ހިނގައިގަނެވުނީ ޖިޔާގެ ގާތަށް ދާށެވެ. އެހެންނަމަވެސް އޭނާ ކުއްލިއަކަށް ހުއްޓުނެވެ. އޭރު ފޯނު ކޯލު ކެނޑިއްޖެއެވެ. ދެ ވަނަ ކޯލު އަންނާކަށް ގިނަ އިރެއް ނުނެގިއެވެ.

“ހެލޯ، ރިހާމު…” ޝާކިރާ ފޯނަށް ޖަވާބު ދިނެވެ.

“ޖިޔާ…” ރިހާމުގެ ދުލުން ޖިޔާގެ ނަން އިވުމާއިއެކު އަވަސް އަވަހަށް ޝާކިރާ ޖަވާބު ދީފިއެވެ. އެގޭގައި ޖިޔާ އެބަ އިން ކަން ރިހާމަށް އެނގުނީ ދެނެވެ. ވަގުތުން އެ ގެއަށް ރިހާމު އެބަ އަންނަން ކަމުގައި ބުނެ ފޯނު ކަނޑާލިއެވެ. ޝާކިރާ އަށްވެސް ރިހާމު ހިތްހަމަ ނުޖެހިއްޖެކަން އެނގުނެވެ. ފޯނު އަތަށް ލައިގެން އިރުކޮޅަކު މަޑުކޮށްލުމަށްފަހު ޝާކިރާ ހަލުވި ކަމާއިއެކު ސިޓިން ރޫމަށް ނުކުތެވެ. ސޯފާގައި އިން ޖިޔާ އަށް ޝާކިރާ ފެނުމާއިއެކު އަވަސް އަވަހަށް ތެދުވީ ޝާކިރާގެ ނިންމުމަކީ ކޮބާތޯ އޮޅުން ފިލުވަން ބޭނުންވެފައި ހުރިލެއް ބޮޑުކަމުންނެވެ.

“ރިހާމު އެބަ އާދޭ ޖިޔާ ބަލާ” ޝާކިރާ އަށް ބުނެވުނީ އެވަރަށެވެ.

“މަންމަ އަށް އަހަރެން މި ދެއްކި އެއްވެސް ވާހަކައެއް އަޑެއް ނީވުނު ދޯ” ޖިޔާގެ ކުރިމަތީގައި ހުރީ އޭނާގެ މަންމަ ކަމުގައި ވިޔަސް، ޝާކިރާދެކެ އިންތިހާއަށް ރުޅި އާދެވުނެވެ. ތުންފިއްތާލަމުން މުއްކަވާލި އަތުން އަނެއް އަތުގައި ޖިޔާ ޖެހިއެވެ. ދެ ފަރާތަށް އެނބުރިލުމާއިއެކު ޖިޔާ ހިނގައިގަތީ އެތަނަށް އޭނާ ވަން ދޮރާއި ދިމާލަށެވެ.

“ޖިޔާ، ކޮންތާކަށް ދާން ތިދަނީ” ކަންބޮޑުވުމާއިއެކު ޝާކިރާ އައިސް ޖިޔާގެ އަތުގައި ހިފެހެއްޓިއެވެ.

“މި ނޫން ތަނަކަށް، ޒީއްތަ ބުނީ ހަމަ ރަނގަޅަށް، މިހާރު މިގެއަކު އަހަންނަށް އެއްވެސް ޖާގައެއް ނެތް، މަންމަ އަށް ރިހާމު ދިން މުއްސަނދިކަމަށް މަރުހަބާ، އަހަރެން ދެން ނާންނާނަން މަންމަ އަށް އުނދަގޫ ކުރާކަށް” ޖިޔާ އައިސްފައި ހުރި ރުޅި އާއިއެކު ޝާކިރާގެ އަތް ފޮޅުވާލިއެވެ. އެހެންނަމަވެސް ޝާކިރާ ދެވަނަ ފަހަރަށްވެސް ޖިޔާގެ އަތުގައި ހިފައިފިއެވެ. އަދި އޭނާގެ އަތުގައި ހިފައި ދަމަމުން ގެނެސް ސޯފާގައި ބައިންދައިފިއެވެ.

“ކިހިނެއް އުޅެންވެގެންތަ ޖިޔާ ތިއުޅެނީ، ބަލަ ނުރުހުނަސް ރުހުނަސް، ރިހާމަކީ މިހާރު ޖިޔާގެ ފިރިމީހާ، އޭނާ ކޮންމެ ގޮތަކަށް ކަންތައް ކުރިޔަސް އަހަރެން ބޭނުމެއްނޫން ޖިޔާ އޭނާ އާއި ވަކިވާކަށް، ޖިޔާ، ދަރިފުޅު ނިކަން ވިސްނާލަބަލަ، ރުޅި މަޑުކޮށްފައި ރިހާމުގެ ރަނގަޅު ކަންތައްތަކާއިމެދު ވިސްނާލަބަލަ، އޭނާ ދަރިފުޅަށް ދެރަގޮތެއް ނަހަދާނެ ކަން މަންމަ އަށް އެނގޭތީއޭ މިބުނަނީ، ޖިޔާގެ ތިގޮތް ކެނޑި ދާނެ ދަރިއަކު ލިބުމުން، މަންމަ އަށް ފެންނަނީ އަވަހަށް ކުއްޖަކު ހޯދަން، އޭރުން ޖިޔާވެސް އެކަނިވެގެން އުޅޭކަށް ނުޖެހޭނެ” ޝާކިރާގެ ވިސްނުމާއި އެއްގޮތަށް ވާހަކަދައްކަމުން ދިޔައެވެ. އެކަމުންވެސް ޖިޔާގެ ރުޅި ފިނިވާގޮތެއް ނުވިއެވެ.

“އަހަންނެއް ނޫޅެން އެމީހާގަނޑަށް ދަރިއަކު ހޯދާކަށް، ރިހާމު އަހަރެން ގެންދިޔަސް، ދެންވެސް އޭނަ ގާތުން  ސަލާމަތްވެގެން ފިލާނަން، ނުހުންނާނަން އޭނަ ބޭނުންހާ ގޮތެއް ހަދަންދެން” ރުޅި އައިސް ރަތްވެފައި އިނދެ ޖިޔާ ބުންޏެވެ.

“އައްސަލާމް އަލައިކުމް” ބެލް ޖެހި އަޑާއިއެކު ޝާކިރާ އައިސް ދޮރުހުޅުވާލި އިރު ދޮރުމަތީ ހުރީ ރިހާމެވެ. ހިނިއައިސްފައި ހުރި ގޮތުން އޭނާގެ މޫނުމަތިން ހިތްހަމަނުޖެހިފައި ހުރިކަމުގެ އެއްވެސް އަސަރެއް ފާޅެއް ނުވިއެވެ. ޝާކިރާވެސް ހަމަޖެހޭ ގޮތް މޫނުމަތިން ދައްކާލަމުން ރިހާމާއިއެކު އެތެރެއަށް ހިނގައިގަތެވެ. ސޯފާގައި އެއްފައި މައްޗަށް އަނެއްފައި އެއްލައިގެން ދަތްދޮޅީގައި އަތްވިއްދާ ލައިގެން ޖިޔާ އިންއިރު އޭނާގެ މޫނު ވަނީ ރިހާމުމެންނާއި ދުރަށް އަނބުރާލާފައެވެ.

“ޖިޔާ، ހިނގާ ދަމާ” ރިހާމު މަޑުމައިތިރި ކަމާއިއެކު ޖިޔާ އަށް ގޮވާލަމުން ބުންޏެވެ. ނަމަވެސް ޖިޔާ، ރިހާމަށް ބަލާވެސް ނުލިއެވެ.

“ހާދަ އަވަހަކަށް ދަނީ، ސައިބޮއެގެން ދާންވީނު، ކިހާ ދުވަހެއް ފަހުން ތި ދެކުދިން މިފެނުނީ” ޝާކިރާ ހީނލާފައި ބުންޏެވެ.

ޖިޔާ އާއި ދިމާލަށް ބަލާލި ރިހާމުގެ ތުންފަތަށް ވެރިވެފައިވަނީ މަލާމާތުގެ ހިނިތުންވުމެކެވެ. އޭނާ ޝާކިރާއަށް ވަކި ޖަވާބެއް ނުދީ ޖިޔާގެ ގާތުގައި އައިސް ހުއްޓި އަނެއްކާވެސް އޭނާއާ އެކު ގެއަށް ދިއުމަށް އެދުނެވެ.

“ޖިޔާ، ކިހިނެއްވެފަތަ ތި އިންނަނީ، ރިހާމުއަށް ލަސްވާނެ އެންނު ތި ހެން އިނީމަ، އޭނާ އާއިއެކު ގެއަށް ދާންވީނު، އެހެން ދުވަހަކުން އަދި ގެއަށް އާދެވެދިދާނެ އެންނު” ޝާކިރާ ނުރުހިފައި ޖިޔާ އާއި ދިމާލަށް ބުންޏެވެ. ފަހަރެއްގައިވެސް ޖިޔާއަކީ އެހާ ގޮތްދޫނުކުރާ އަންހެން ކުއްޖެއް ކަމަކަށް ރިހާމު ހިޔެއްނުކުރެއެވެ. ބަހެއްވެސް ނުބުނެ ޖިޔާ ސޯފާގައި އިންގޮތަށް އިނީއެވެ. މީހަކު އެއްޗެކޭ ކިޔާހެންވެސް އޭނާއަށް ހީނުވެއެވެ.

“ޖިޔާ، އަހަރެންގެ އަތުންފައިން ގޯސް ހަދަން މަޖުބޫރުނުކޮށްބަލަ” މި ފަހަރު ރިހާމުގެ އަޑު ތަންކޮޅެއް ބާރުވިއެވެ. ޝާކިރާގެ މޫނުމަތިންވެސް ކަންބޮޑުވުން ފާޅު ވޭވޭ ހުއްޓެވެ. ހަދާނެ ގޮތެއް ވަކި ޝާކިރާ އަކަށް ވެސް އެނގެނީއެއް ނޫނެވެ. އަނެއްކޮޅުން ރިހާމު ހުއްޓުވާކަށް އޭނާ ބޭނުމެއްނުވެއެވެ. ކޮންމެގޮތެއްވިޔަސް ރިހާމު އެހުރީ އޭނާގެ އަނބިމީހާ ބަލާ އައިހެވެ. އެކަމާ ހުރަސް އަޅާކަށް ޝާކިރާ ބޭނުމެއްނޫނެވެ. ޝާކިރާއަށް ދެން ފެނުނީ ރިހާމު ކުއްލިއަކަށް ޖިޔާގެ އަތުގެ ހިކަނދި މަސްގަނޑުގައި ދެ އަތުން ހިފައި ކޮޅަށް ނެނގިތަނެވެ. އެވަގުތު ޖިޔާ ޝާކިރާއަށް ބަލާލީ އެހީތެރިކަމަށް އެދިކަން ދުލުން ނުބުނިކަމުގައި ވިޔަސް އޭނާގެ ދެލޮލުން ފާޅުވެގެން ދިޔައެވެ. ނަމަވެސް ޝާކިރާ އިސްޖަހާލީއެވެ. ދެލޯ މަރާލި ޖިޔާ، ރިހާމާއިއެކު ދިއުމަށް ކުރިއަށް ފިޔަވަޅު އަޅާލީ ދުވަހަކުވެސް ދެން އޭނާގެ މަންމަގެ ގާތަށް އަންނަން ބޭނުންނުވެފައި ހުރެއެވެ. އަދި އެ މަންމަ އާއި އޭނާގެ އެއްވެސް ވާހަކައެއް ޙިއްޞާ ނުކުރަންވެސް ނިންމައިގެން ހުރެއެވެ. ނުރޯން ހިތްވަރުކޮށްގެން ހުއްޓެއް ކަމަކު ޖިޔާގެ ހިތުގައި ޖެހުނުވަރުން ހިފެހެއްޓުމެއްނެތި ކަރުނަތައް ދެލޮލުން ފައިބައިގަތެވެ. މަރުވެފައިވާ ބައްޕަގެ މަތިން އެވަގުތު ޖިޔާ ވަރަށް ހަނދާންވިއެވެ. ޅަސިކުނޑީގެ ތެރޭގައި ބައްޕަ އެހާ އަވަހަށް މަރުވުމުން ޝަކުވާކުރެވުނެވެ. އެހެންނޫންނަމަ މި މަންޒަރުތައް ދެކެން އޭނާގެ ބައްޕަ އެންމެ ހިނދުކޮޅަކުވެސް މަޑުން ނުހުންނާނެ ކަން ޖިޔާއަށް ޔަގީންވެއެވެ. ރިހާމު ޖިޔާ ގެނެސް އޭނާގެ ގައިގާ ޖައްސާލަމުން އެގޭން ނުކުންނަން އައެވެ. ވެފަހުރި ދެރައިން ޖިޔާގެ ކޮނޑުގައި ހިފަހައްޓާލައިގެން ހުރި ރިހާމުގެ އަތްވެސް ފޮޅުވާލަން އޭނާ ބޭނުމެއްނުވިއެވެ. މަޑުމަޑުން އައިސް ލިފްޓަށް އެރީވެސް އެ ހުރިގޮތަށެވެ. އޭރު ދޮރުމަތީ ޝާކިރާ ބަލަން ހުރީ މާޔޫސްކަމާއިއެކުއެވެ.

“ޖިޔާ ވަރަށް މޮޅު އެކްޓުކުރަން، ހަމަ އެވޯޑެއް ދޭހާވޭ” ކާރަށް އަރައި ދުއްވާލަމުން ހިތްހަމަނުޖެހިފައި އިންގޮތަކަށް ރިހާމު ބުންޏެވެ. ދެންވެސް ޖިޔާ އެއްވެސް އެއްޗެއް ނުބުންޏެވެ. ރިހާމު، ޖިޔާއަށް ބަލާލަމުން އަނެއްކާވެސް ވާހަކަ ދެއްކިއެވެ.

“ޖިޔާގެ މަންމަ ގާތަށް ދިޔައީތީވެ ވަކި މޮޅުތަކެއް ވެއްޖެތަ، ބަލަ އޭނާ އެހުރީ ޖިޔާ އަހަންނަށް ދީފައޭ، މިހާރު ޖިޔާގެ މައްޗަށް އޭނާގެ އެއްވެސް ހުކުމެއް ނުހިނގާނެ، އަހަރެން ބޭނުން ގޮތަކަށް ޖިޔާ އުޅެން ޖެހޭނީ، ޖިޔާއަށް އަހަރެން އަނިޔާއެއް ނުކުރަން، ބަލަ އަންބެއްގެ ގޮތުގައި ހުރެ ފިރިމީހާއަށް ކޮށްދޭންޖެހޭ ކަމަކަށް ނޫންތަ އަހަރެން މި އެދެނީ، ޖިޔާއަށް ދަތިވާ އެއްވެސް ކަމެއް ނޯންނާނެ، އެކަމަކު ބުނަން، ދެން އަހަރެންގެ ސިކުނޑިއަކާ ތިގޮތަކަށް ނުކުޅެވޭނެ، ގޭތެރޭގަ އިނަސް ކޮޓަރިން ބޭރަށް ވެސް ނުކުތަކަ ނުދޭނަން، އަހަންނަށްވެސް ނުބައިވާން އެނގޭ… މިހާރު ކޮން ރުއިމެއް ރޯކަށް، ތިގޮތަށް ކިތަންމެ ވަރަކަށް ރުޔަސް ކަލެ އާއި ދިމާލަށް ބަލާލާނެ މީހަކު ދެނެއް ނުވާނެ” ރިހާމު ހިތްހަމަނުޖެހިފައި އިންވަރުން ކާރުގެ ހުންގާނު ބުރުގައި ހިފައިގެން އިން އަތަށް ކުރިއަށްވުރެ ބާރު ލެވުނެވެ. ރިހާމުގެ މުޅި ދުވަހުގެ މޫޑު ހަރާބުވެގެން ދިޔައީއެވެ.

އެޕާޓުމެންޓު ހުންނަ ގޭގެ ދޮރުމައްޗަށް ވާގޮތަށް ކާރު ޕާކުކޮށްލުމާއިއެކު އަވަސް އަވަހަށް ފައިބާ މަގުގެ ދެކޮޅު ބަލާލިއެވެ. އަދި ހަލުވި ކަމާއިއެކު އައިސް ކުރީ ސީޓުގެ ދޮރު ހުޅުވާލުމާއިއެކު ޖިޔާގެ އަތުގައި ހިފައި ދަމައިގަތެވެ. ގަދަކަމުން ކަހަލަ ގޮތަކަށް ރިހާމު، ޖިޔާ ގޮވައިގެން އައިސް ގެއަށް ވަނެވެ.

ސޯފާތަކާއި ޓީވީ ސާފުކުރަމުން ދިޔަ ލަޔާއަށް ރިހާމާއި ޖިޔާ ފެނުމުން ލިބުނީ ކުއްލި ހައިރާންކަމެކެވެ. އޭރުވެސް ޖިޔާ ރޮނީއެވެ. ރިހާމު ހުރީ އިންތިހާ ދަރަޖައަށް ނުރުހިފައެވެ. ރިހާމު އެ ދިޔަ ގޮތަށް ގޮސް ޖިޔާ ކޮޓަރިތެރެއަށް ލާ އެކޮޓަރި ތަޅުލައިފިއެވެ. އަދި ސިޓިން ރޫމަށް ނުކުމެ އެތާނގައި ހުރި ލަޔާގެ އަތަށް އޭނާގެ ތަޅުދަނޑިފަތިން ވަކިކޮށްލި ތަޅުދަނޑި ދިއްކޮށްލިއެވެ.

“ލަޔާ، ޖިޔާއަށް ކާންގެންދާނީ އޭނާގެ ކޮޓަރިއަށް އެކަމަކު އޭނާގެ އަތަށް މި ތަޅުދަނޑި ނުދޭތި، ވަރިހަމަ ކިތަންމެ ވަރަކަށް ރުޔަސް، ދެން ބުނަން، ލަޔާ އެ ކޮޓަރިން ނުކުންނަމުން ދޮރު ތަޅުލާތި، މި ބުނި އެއްޗެއް އެނގިއްޖެތަ” ރިހާމު ނުރުހިފައި ހުރިވަރު އޭނާ ލަޔާއާ ވާހަކަދެއްކި އިރު އެ އަޑުން ފާޅުވަމުން ދިޔައެވެ. ކަންބޮޑުވެފައި ހުރި ލަޔާ އަވަސް އަވަހަށް ބޯޖަހާލިއެވެ. އެއާއިއެކު ރިހާމު އެ ތަނުން ނުކުމެއްޖެއެވެ.

ކޮޓަރީގައި ހުރި ޖިޔާ ތަޅުލާފައި ހުރި ދޮރުގައި ތަޅައިގަތެވެ. އަދި އައި ރުޅިން ދޮރުފަތުގައި ކޮޅުފައިން ޖެހިއެވެ. ހަމަ އެ ހިނދުކޮޅު ތެރޭ މީހާ ކޮރުޖަހަންފެށިއެވެ. ދޮރަށް ގޮތެއް ނުވިޔަސް ޖިޔާގެ ފަޔަށް ތަދުވީއެވެ. ކޮރަމުން ކޮރަމުން އައިސް އެނދުމަތީ އިށީނެވެ. ދެންވެސް އޭނާގެ ހިތަށް ހަމަޖެހުމެއް ނުލިބުނެވެ. އެހެންނަމަވެސް މަޑުމަޑުން އެނދުގެ މަޑުތަންމަތީގައި އޮށޯވެލަމުން ބާލީހެއްގައި ބާރަށް ބައްދާލިއެވެ.

ރޮއެ ރޮއެފައި ޖިޔާއަށް ނިދުނީއެވެ. ހޭވެރިވީ ކާއެއްޗެހީގެ ވަސް އައިސް ނޭފަތުގައި ޖެހުމުންނެވެ. ވެފައި ހުރި ބަނޑުހައިކަން އިޙްސާސް ކުރެވުނީ ދެނެވެ. ހެނދުނު ސައިނުބޮއެ ހުރުމުން ޖިޔާ އޮތީ ހާންތިވާވަރުވެފައެވެ. އަވަސް އަވަހަށް ތެދުވެ އެނދުމަތީ ދެފައިވަށްކޮށްލަމުން އިށީނެވެ. އަދި ލޮލުން ނިދި ފިލުވާލުމަށް ދެއަތުގެ ނުފުށުން ލޯ އުނގުޅާލަފައި ކޮޓަރިތެރެއަށް ނަޒަރު ހިންގާލިއެވެ. އެވަގުތު ރީތިވާ މޭޒު ކައިރީ އިށިންނަން ހުރި ގޮނޑިމަތީ ލަޔާ ކާއެއްޗެހި އަތުރާފައި ހުރި ތަބަށް ބަހައްޓަނީއެވެ.

“ލަޔާ، އަހަންނަށް ފެންފޮދެއް ދީބަލަ” ކަރުތެރެ ހިކިފައި ހުރުމުން ޖިޔާ ބުނެލިއެވެ. އެއްވެސް އެއްޗެއް ނުބުނެ ލަޔާ އޭނާއަށް ފެންތައްޓެއް ގެނެސްދިނެވެ. އޭރު ކޮޓަރިއަށް ފެންޖަގަކާއި ދެ ތަށި ބަހައްޓާފައި ހުރި ތަބަކެއް އެނދުގެ އަރިމަތީ ކަބަޑުމަތީ ބަހައްޓާފައި ހުއްޓެވެ. އެވެސް ލަޔާގެ ކަމެއްކަން ޖިޔާއަށް އެނގުނެވެ. ޖިޔާ ފެންތަށި ހުސްކޮށްލުމާއިއެކު ލަޔާއަށް ބަލާލިއެވެ. އެ ދެލޮލުންވެސް ފެންނަނީ ކަންބޮޑުވުމެވެ.

“އަހަރެން ކާން ނުކުންނާނީ ބޭރު މޭޒުކައިރަށް، މިތަނުގަ ނުކެވޭނެ ހަމަޖެހިލައިގެން އިނދެއެއް” ޖިޔާ އެނދުން ފައިބަމުން ލަޔާއަށް ބުންޏެވެ.

“ބޮސް… ބޮސް މަނާ ބުނީ، މެޑަމް ކޮޓަރިއަށް ކާއެއްޗެހި ގެންދަނީ ބުނީ” ލަޔާ ކަންބޮޑުވެފައި ބުންޏެވެ. ޖިޔާ، ލަޔާއަށް ބަލާލަމުން ހުއްޓުނެވެ. އޭނާ ރިހާމު ބުނާގޮތް ނަހަދައިފިނަމަ ކުއްވެރިވާނީ ލަޔާކަން އެނގިގެން އެނދުގެ އަރިމަތީގައި އިށީނެވެ. އެވަގުތު ލަޔާ އަވަސް އަވަހަށް ކާއެއްޗެހި އަތުރާފައި ހުރި ތަބަށް ގޮނޑި އާއިއެކު ޖިޔާގެ ކައިރަށް ގެނެސް ދިނެވެ. ކާން ފެށުމުގެ ކުރިން ޖިޔާ ފާޚާނަށް ވަދެ އަތްދޮވެލައިގެން ނުކުތެވެ. އޭރު ޖޫސްތަށީގައި ޖަހާފައި ހުރި މަތިވެސް ލަޔާ ނަގައި ތައްޓަށް ރޮށިވެސް ފުނޑުވައިދީފައި ހުއްޓެވެ. ލަޔާއަށް ހިނިތުންވެލަމުން ޖިޔާ އައިސް އިށީނދެ ކާން ފެށިއެވެ. އެއާއިއެކު ލަޔާ ހިނގައިގަތީ އެކޮޓަރިން ނުކުތުމަށެވެ.

“ލަޔާ، ގަޑިން ކިހާ އިރެއްތަ، ރޭގަ އެ ގަޑި އެ ހުރީ ހުއްޓިފަ، ހީވަނީ ބެޓްރި ޗާޖު ހުސްވީހެން، އެއަށް ބެޓެރިއެއް ލައްވާލަ ދެއްޗޭ، އެކަމަކު މިހާރަކު ނޫން، ފަހުން، އެހަށް އަހަރެން ކައި ނިމެންދެން މިތާ މަޑުކޮށްލަ ދީ ފާނަންތަ” ފާރުގައި ހުރި ގަޑިއަށް ބަލާލުމާއިއެކު އެކަނިވާން ބޭނުން ނުވާ ފަދަ ގޮތަކަށް ޖިޔާ ބުންޏެވެ. ލަޔާ ހިނިތުންވެލާފައި އައިސް ޖިޔާގެ ކުރިމަތީ ކާޕެޓުގައި ފަސޭހަ ކަމާއިއެކު އިށީނދެއްޖެއެވެ.

ރިހާމު ފެނުމުން ގޮނޑީގައި އިށީނދެލައިގެން އިންނަންވެސް ޞޮފާއަށް އުނދަގޫވިއެވެ. އަވަސް އަވަހަށް ލައިގެން އިން ގަމީސްކޮޅު ރީތިކޮށްލަމުން ކުރިއަށްވުރެ ވެސް ގޮނޑީގައި ހަށިގަނޑު ތެދުކޮށްލިއެވެ. ނަމަވެސް ބައްދަލުވުން ނިންމާފައި ނުކުމެގެން ދިޔަ ރިހާމު އޭނާއަށް ބަލާވެސް ނުލިއެވެ. މިއަދު ވެސް ރިހާމު އެހުރީ ކޮންމެވެސް ކަމަކާ ހިތްހަމަ ނުޖެހިފަކަން ޞޮފާއަށް އެނގުނެވެ. އަވަސް އަވަހަށް ތެދުވެ ބައްދަލުވުން ކުރިއަށްދިޔަ މޭޒުމަތީގައި ހުރި ގަނޑުތައް އެއްކޮށްލުމަށްފަހު ނަގާފައި ހުރި ފަންސޫރުތައް މެދުގައި ހުރި ދަޅަށް އަޅާލުމަށްފަހު ރިހާމުގެ ފަހަތުން ދިއުމަށް ޞޮފާ އެ ކޮޓަރިން ނުކުތެވެ.

“މާޝާ، މިއޮތީ މިނެޓްސް، ފޯމެޓަށް މީތި ޓައިޕުކޮށްލާފަ މަށަށް ފޮނުވާލަ ދީ” ޞޮފާ މިހެން ބުނެލި އިރު ހީވީ މާޝާ އަކީ އޭނާގެ މަސައްކަތް ކުރުމަށް އޭނާގެ ދަށުން އެ އޮފީހުން ވަޒީފާ ދީފައި ހުރި މުވައްޒަފެއް ހެންނެވެ. ފޫހި ކަމާއިއެކު މާޝާ، ޞޮފާ ދިއްކޮށްލި ކަރުދާސް ދަމައިގަތެވެ. މާޝާގެ މޫނަށް ބެލުމެއްނެތި ޞޮފާ “ޓޮއްޓޮއް” އަޑު އޭނާ އަރާފައި ހުރި ބޫޓުން ހިސާބުގައި ހަރުލައްވާލަމުން ހަލުވިކޮށް އައިސް ރިހާމުގެ ކެބިންނަށް ވަނެވެ.

“ކިހިނެއްވީ” ގޮނޑީގައި ހަމަޖެހިލި ރިހާމަށް ޞޮފާ ފެނުމާއިއެކު ސުވާލުކޮށްލިއެވެ.

“މެންދުރު ކާން ނުދަންތޯ އަހާލަންވެގެން، އަހަރެންވެސް ވަރަށް ބަނޑުހައި، ބައެއް ސްޓާފުން ލަންޗު ބުރޭކަށް ވީ ގޮސް” ޞޮފާ ކެބިންގެ ދޮރު ލައްޕާލަމުން ބުންޏެވެ.

“އަހަރެން ކާނީ ފަހުން، ޞޮފާ ތިހާ ބަނޑުހައި ވަންޏާ ކާން ދާންވީނު، އެކަމަކު ލަސްނުވެ އޮފީހަށް އަންނާތި، މިހާރު މަސައްކަތަށް މާ ފަރުވާ ކުޑަކުރާކަން ފާހަގަ ކުރެވޭ، އެހެން މުވައްޒަފުންވެސް ގެއަށް ދާންވާއިރަށް އެ މީހުން ކުރަން ހުންނަ ކަންތައްތައް ދަނީ ނިންމާފަ، އެކަމަކު ޞޮފާ އޮފީހުގައި އިންނާނެ އަހަންނަށްވުރެވެސް ގިނައިރު، މިއަދުވެސް އެ ސިޓީ ފެނުނީ ކިހާ ވަރަކުން، އެއީ މީޓިން ފެށެން ވާއިރަށް ހޯދާފައި ބާއްވަން ޖެހޭ އެއްޗެއް” ރިހާމު ހިތްހަމަ ނުޖެހުނުކަން ޞޮފާއަށް އަންގާލިއެވެ.

“އެއީ މިއުޅޭ މާޝާ…” ޞޮފާ ބުނެބުނެ ހުރި ޖުމްލަ ރިހާމު ހުއްޓުވިއެވެ.

“އެހެން މީހުންނަށް އިނގިލި ދިއްކުރުމުގެ ބަދަލުގައި ތިމާގެ ހުރި އުނި ކަންތައްތައް ދެނެގަނެ، އެހަށް އެކަންތައްތައް ރަނގަޅު ކުރަންވީނު، އެހެންނޫނަސް އަހަރެންގެ ކަންތައްތައް ކުރުމަށް ޞޮފާ އަށް ތި މަޤާމު ދީފައި ތިހުންނަނީ ވަކިކަމެއްވެގެންނު، މިއަދު މި ދިމާވި ކަހަލަ އެއްވެސް މައްސަލައެއް ކުރިއަށް އޮތްތަނުގައި އަހަންނަށް ފެނިގެން ނުވާނެ، ޞޮފާގެ އަމިއްލަ ކަންތައްތައް ކޮންމެ ގޮތަކަށް ކުރިޔަސް އަހަންނަށް އެއީ މައްސަލައެއްނޫން، އެކަމަކު އޮފީހުގައި ޞޮފާ އާއި ހަވާލު ކުރެވިފައި ހުރި ހުރިހާ ކަމެއް މީގެ ފަހުން ހުންނަން ވާނީ ވަރަށް ޒިންމާދާރު ކަމާއިއެކު ކޮށް ނިންމާފައި،ޚާއްޞަކޮށް މުހިންމު ލިޔުންތައް ހުންނަންވާނީ ތަރުތީބު ނުގެއްލޭ ގޮތަށް، ފަސޭހައިން ހޯދާލެވޭނޭ އުސޫލެއްގެ މަތިން ބެހެއްޓިފައި” ރިހާމު މިހެން ބުނިއިރު އޭނާގެ އަޑުގައި ހުރި ހަރުކަށިކަން ޞޮފާގެ ހިތަށް ތަދުކުރިއެވެ. ބަހެއްވެސް ނުބުނެ ހުރެ އާނއެކޭ ބުނުމުގެ ގޮތުން ބޯޖަހާލާފައި ޞޮފާ، ރިހާމުގެ ކެބިންއިން ނުކުތެވެ. އޭރު ޞޮފާގެ ދެބުމަވެސް ހުރީ ކައިރިވެ ނިތަށް ރޫޖެހިފައެވެ.

“އޮށް އޯ! ތިހިރަ މޫނެއްވާ ދޯ” ވީގޮތެއް ނޭނގުނު ކަމުގައި ވިޔަސް މާޝާ، ޞޮފާ އާއި ދިމާކޮށްލިއެވެ.

“ކޮބާ އޭރު އަހަރެން ދިން ގަނޑު، ގެނޭ އޭތި، އަދި ބުނަން ފައިލް ކުރަން ހުރި މުހިންމު ސިޓީތައްވެސް އަހަންނަށް ނޭނގި ފައިލު ނުކުރާތި، ހަވީރު ސްޓާފް މީޓިން އޮންނާނެ، ހުރިހާ ސްޓާފުންގެ ލިސްޓުގެ މެއިލެއްވެސް ފޮނުވާތި” ހިތްހަމަނުޖެހިފައި ހުރެ ޞޮފާ ބުންޏެވެ. އަދި މާޝާ އާއި ކުރިމަތި ވާގޮތަށް އިޝީނުމުގެ ބަދަލުގައި އޭނާ ހިނގައިގަތީ އޮފީހުގެ ސައިކޮޓަރި އާއި ދިމާލަށެވެ. އެތަނުގައި މީހަކު ނެތްކަން ޞޮފާއަށް އެނގިހުރެއެވެ. އާންމުކޮށް އޮފީހުގެ މުވައްޒަފުން އެތަން ބޭނުން ކުރާނީ ހެނދުނު ސައިބުއިމަށެވެ. އޭގެ އިތުރުން ކޮންމެ ވަގުތެއްގައިވެސް ކޮފީ ބޮވޭނޭގޮތްވެސް އެތަނުގައި ހަމަޖެހިފައި ހުރެއެވެ. އެހެންވެ ދެން އެތަނަށް ވަދެލާ ހަދާނީ ކޮފީއެއް ބޯލަން އަންނަ މުއައްޒަފެކެވެ.

މާޔޫސް ކަމާއިއެކު މޭޒުމަތީ އުޅަންބޮށި ވިއްދާލައިގެން، ޖޯޑުކޮށްލެވިފައި އޮތް ދެއަތްތިލާގައި ޞޮފާގެ ނިތްކުރި ޖައްސާލައިގެން އިސްޖެހިފައި ކަހަލަ ގޮތަށް އޭނާ ސައިކޮޓަރީގައި އިނެވެ. އޭނާގެ ސިކުނޑި އާއި ހިތުގައި ވަނީ އެންމެ ޚިޔާލެކެވެ. އެއީ ރިހާމުގެ ޚިޔާލުތަކެވެ. ރިހާމު އޭނާ ބަލައިނުގަންނަނީ ކީއްވެބާއޭ ޞޮފާގެ ހިތަށް އަރައެވެ. ފެނުމުން ރީއްޗޭ ބުނާނީވެސް ވަރަށް މަދު ފަހަރަކުއެވެ. އޮފީހަށް އަންނައިރަށް ތަނުގައި ތިބޭ ފިރިހެނުންތައް އޭނާގެ ރީތި ކަމަށް ތަޢުރީފު ކުރަން ފަށާނެއެވެ. އެކަމާ އޭނާ ނުހަނު އުފާވެއެވެ. އަމިއްލަ ނަފްސަށް އިތުރު ޔަގީން ކަމަކާއި އިތުބާރު ލިބިގެން ދެއެވެ. ރިހާމާއި ގާތްވުމަށް މޮޅު ގޮތެއް ރާވަންވެއްޖެ ކަމުގައި ޞޮފާއަށް ވިސްނުނެވެ. ގަޑިއެއްހާއިރު އޭނާ އެތަނުގައި އެ ފިކުރުގައި އިނެވެ.

ޞޮފާގެ މޭޒުމަތީ ހުރި ފޯނު ދެފަހަރަށް ރިންގުވަމުން ގޮސް ކެނޑުނެވެ. މާޝާއަށް ފޯނުގެ އަޑާއިއެކު މަސައްކަތް ކުރިއަކަށް ނުގެންދެވުނެވެ. އެހެންވެ ތިންވަނަ ފަހަރަށް ޞޮފާގެ ފޯނަށް ކޯލެއް އައުމުން އޭނާ ފޯނަށް ޖަވާބުދިނެވެ. އެ ފޯނަށް ގުޅީ ރިހާމެވެ. ޞޮފާ މޭޒުކައިރީ ނެތް ވާހަކަ މާޝާ ބުނުމުން ރިހާމު ބުނަންއުޅުނު ވާހަކަ މަޑުޖައްސާލާފައި ފޯނު ބޭއްވިއެވެ. ދެން އޭނާ ގުޅީ ޞޮފާގެ މޯބައިލް ފޯނަށެވެ. ފުރަތަމަ ރިންގުންވެސް ޞޮފާ ފޯނު ނަގައިފިއެވެ.

“އާދެބަލަ ކެބިންނަށް” ރިހާމު ބުންޏެވެ.

ޞޮފާ އައިސް ރިހާމުގެ ކެބިންނަށް ވަނުމާއިއެކު ރިހާމު އޭނާގެ މޭޒުގެ ކުރިމަތީ ހުރި ދެގޮނޑިން ކުރެ އެއްގޮނޑިއަށް އިޝާރާތްކޮށްލީ ވަދެ އިށީންނާށޭ ބުނާފަދަ ގޮތަކަށެވެ. އޭރު ރިހާމުގެ މޫނުމަތިން ފެންނަނީ ހަމަޖެހިފައި އިންކަމެވެ. ނަމަވެސް މިފަހަރު އިސްވެ ވާހަކަދައްކާކަށް ޞޮފާ ބޭނުމެއްނުވިއެވެ. އެހެންވެ ރިހާމު ބުނަން އުޅޭ އެއްޗެއް އަޑުއަހަން އިނީއެވެ.

“އަހަރެން ވަރަށް ގުޅައިފިން، ކޮންތާކުން ތިއައީ” ރިހާމު އާދައިގެ ގޮތަކަށް އަހާލިއެވެ.

“ސައިކޮޓަރީގައި އިނީ” ޞޮފާ ވާހަކަދެއްކީ އިސްޖަހާލައިގެން އިނދެއެވެ. ރިހާމަށް ޞޮފާގެ ހަރަކާތްތަކުގައި ދުރުކަމެއް ހުރިކަން ވަގުތުން ފާހަގަ ކުރެވުނެވެ.

“އަހަރެން މިއަދު އެގޮތަށް ވާހަކަދެއްކީމަތަ ތިހެން ތި އިންނަނީ، އެވަގުތު ހިތްހަމަ ނުޖެހިފައި ހުރިވަރުން ރުޅި އައިސްފައި ވާހަކަދެއްކުނީ، އެކަމަކު އަހަރެންމީ ޞޮފާގެ ބޮސްއަށް ވީހިނދު އަހަންނަށް އެގޮތަށް ވާހަކަދެއްކުމުގެ ޙައްޤު އޮންނާނެ، އަނެއްކާ އަހަރެންގެ އަގުވެއްޓޭ ވަރުކަމެއް އަހަރެންގެ މުއައްޒަފުންގެ އަތުން ވެގެން ނުވާނެ ދޯ، ޚާއްޞަކޮށް ޞޮފާ އެފަދަ ކަމެއް އަހަންނަށް ނުކުރާނެ ކަމުގެ ވަރަށް ބޮޑު ޔަޤީންކަމެއް އޮއްވާ އެކަން ދިމާވީމަ އެހާ ބޮޑަށް ނުރުހެވުނީ” ރިހާމު ބުންޏެވެ. ދެންވެސް ޞޮފާ ބޯޖަހާލުން ފިޔަވާ އިތުރު އެއްޗެއް ނުބުންޏެވެ. ޞޮފާ އެހެން އިންނަން ފެށުމުން އެގޮތް ރިހާމަށް ކަމަކު ނުދިޔައެވެ. ރިހާމު މަޑުމަޑުން ގޮނޑިން ތެދުވެގެން އައިސް މޭޒުގެ ކަނެއްގައި ކުޑަކޮށް އިށީނދެލީ ޞޮފާ އާއި ގާތްވެލުމަށެވެ.

“ތިހެން ނީނދެބަލަ، ޞޮފާ ހީނލާފައި ވާހަކަދައްކާ އިރު އަހަރެން ހާދަ ހިތްހަމަޖެހެޔޭ، ޞޮފާ އަކާއި ތިހާ ސީރިއަސްވީމަ ނުވެސް ގުޅޭ” މޭޒުގެ ކަނެއްގައި އިށީނދެލައިގެން އިނދެ މޭޒުމަތިން ނެނގި ފަންސުރު ދެ އިނގިލި ދޭތެރޭ ތަޅުވާލުމަށްފަހު ޞޮފާގެ ދަތްދޮޅި ދަށަށް އެ ލައްވާލާފައި ރިހާމާއި ދިމާލަށް ޞޮފާގެ އިސްއުފުލާލަން އޭނާ މަސައްކަތް ކުރިއެވެ.

“ދެން ހީނލާފައި ރިހާމާއި ވާހަކަދައްކާނެ އޮންނާނީ އެންމެ ގޮތެއް” ނުރުހިފައި ހުރިގޮތް ދައްކާލަމުން ޞޮފާ މިހެން ބުނެ ރިހާމާއި ދުރަށް މޫނު އަނބުރާލިއެވެ. ހަޤީޤަތުގައި ޞޮފާއަށް ލިބުނު ފުރުޞަތުގެ ބޭނުން ހިފާނޭ ގޮތެއް އޭނާ ވިސްނާލީއެވެ.

“އެއީ ކޮންކަމެއް، ޞޮފާ އެދުނު ކަމެއް މީގެ ކުރިންވެސް އަހަރެން ވާނީ ކޮށްދީފަ، އަނެއްކާވެސް އެފަދަ ކަމެއް ބޭނުންވަނީތަ” ރިހާމު ލާނެތް ގޮތަކަށް މިހެން ބުނެލިއިރު އޭނާގެ ދާދި ގާތުގައި އިނީ އޭނާގެ ދަށުން މަސައްކަތް ކުރާ މުވައްޒަފެއް ކަމުގައި ރިހާމު ދެކޭހެނެއް ހިޔެއްނުވެއެވެ.

“ދެން ރިހާމު، ޕްލީޒް ސްޓޮޕިޓް، އަހަރެން ލަދުގަނޭ، އެ ވާހަކަ ނުދައްފާނަންތަ، އަސްލު އަހަރެން ބުނަން އުޅުނީ އަހަރެން ބޭނުންވަނީ ރިހާމު އަހަންނާއިއެކު މިރޭ ކޮފީއަކަށް ދާށޭ، ރިހާމު ދާނަންތަ” ޞޮފާ ކެތްތެރިކަން ކުޑަވެފައި އިންފެދަ ނަޒަރަކުން ރިހާމަށް ބަލާލިއެވެ. ރިހާމުގެ އަތުގައި އޮތް ފަންސޫރު ގެނެސް ތުންފަތުގައި ޖައްސާލަމުން އޭނާ ވިސްނާލަނީ ކަމުގައި ބުންޏެވެ.

“އޯކޭ، އެހެންވީރު ރިހާމު ވިސްނާ، އިތުރު ކަމެއް ނެތިއްޔާ އަހަރެން މިދަނީ” މިހެން ބުނެ ޞޮފާ ތެދުވަން އުޅުނެވެ. އެވަގުތު ރިހާމު އޭނާ އާއި އެންމެ ގާތަށް ހުރި ފަރާތުން ޞޮފާގެ ކޮނޑުގައި އަތްބާއްވާލަމުން އޭނާ ތެދުވުމަށް ހުރަސްއެޅިއެވެ. ޞޮފާގެ ކޮނޑުގައި ރިހާމުގެ އަތްތިލަ ޖެހުނީ ލައިގެން ހުރި ގަމީސްކޮޅުގެ މަތިން ކަމުގައި ވިޔަސް އޭނާއަށް ރިހާމުގެ އަތްތިލައިގެ ފިނިކަން އިޙްސާސްވެގެން ދިޔަކަހަލައެވެ. މެޔަށް ފިނިވެގެން ދިއުމާއިއެކު އަތްފައި ދާހިތްލަން ފެށިއެވެ. މީހާގެ ވަށައިގެންވާ ކަންތައްތައް މަތިން ހަނދާން ނެތިފައި ހުރި ކަހަލައެވެ. އަނެއްކޮޅުން ބާރަށް ތެޅެން ފެށި ހިތާއިއެކު ސުވާލެއްވެސް އުފެދިގެން ދިޔައެވެ. ރިހާމުގެ ޢަމަލުތަކުން ޞޮފާ ދެނެގަންނަންވީ ކޮންކަމެއް ކަން އޭނާއަކަށް ނޭނގުނެވެ. ރިހާމު އެފޮނުވަނީ ކޮންކަހަލަ ސިގްނަލެއް ކަމެއް ނޭނގެއެވެ. ފެހި ސިގްނަލް އެއްފަހަރު ދިނިއްޔާ އަނެއްފަހަރު ދެނީ ރަތް ސިގުނަލެވެ. ޞޮފާވެސް ޖެހިލުންވަނީ އެހެންވެއެވެ. ރިހާމުގެ ހަޤީޤަތް ނޭނގޭތީއެވެ. އަމިއްލަ ނަފްސަށް އޮޅޭވަރަށް ތަފާތު ގޮތްގޮތަށް ސިގްނަލް ދޭތީއެވެ.

“އަހަރެން ނުބުނަމެންނު ނުދާނަމެކޭ، ޞޮފާ ހާދަ އަވަހަކާ ޑިޒިޝަން ތި މޭކް ކުރީ” ރިހާމު، ޞޮފާގެ ކޮލުގައި އިނގިއްޏަކުން ޖަހާލަމުން ހީނލާފައި ބުންޏެވެ. އެއާއިއެކު ފުންމައިގެން ޞޮފާ ތެދުވެއްޖެއެވެ. ދަތްތައް ފެންނަވަރަށް އޭނާ ހެވިފައި ހުރީ އުފަލުންނެވެ. ރިހާމަށް ބަލަހައްޓައިގެން ޞޮފާ ހުންނަން ފެށުމުން އޭނަ ޞޮފާ ބޭނުންވެގެން އުޅޭ ޖަވާބު ދީފިއެވެ. އަދި މިރޭ ޞޮފާ ބަލާ އޭނާގެ ގޭ ދޮށަށް ދާނަން ކަމުގައިވެސް ބުންޏެވެ. ދާންވީ ގަޑި ރިހާމު އޮޅުން ފިލުވީވެސް ޞޮފާގެ ގާތުންނެވެ. ރިހާމު ވާހަކަދެއްކި ގޮތުން އެއްފަހަރުވެސް އޭނާއަކީ މީހަކާއި އިނދެގެން އުޅޭ މީހެއްހެންނެއް ޞޮފާއަކަށް ހިއެއްނުވިއެވެ. އުފަލުން ގޮސް ރިހާމުގެ ގައިގާ އޮޅުލައި ގަންނަން ޞޮފާގެ ހިތަށް އެރިއެވެ. އެހެންނަމަވެސް އޭގެ ބަދަލުގައި ޞޮފާ، ރިހާމަށް ދިއްކޮށްލީ އޭނާގެ އަތްތިލައެވެ. ސަލާމްކޮށްލުމަށެވެ. އެދެމީހުންގެ މެދުގައި އެއްބަސްވުމެއް އެބަ އޮތްކަމުގެ ރަމްޒެއްގެ ގޮތުންނެވެ. އެގޮތުންވެސް ރިހާމުގެ އަތުގައި ހިފާލެވުމުން އެވަރު ޞޮފާއަށް ފުދުނެވެ.

“ކޮންކަމަކު ރިހާމު އަހަންނަށް ގުޅީ” އެންމެފަހުން ޞޮފާ އަހާލިއެވެ.

“ގެނައި ހުރިހައި ލިޔުމެއްގައި ސޮއެކޮށް ނިމުނީމަ އެހެންވެ އެ އެއްޗެހި ގެންދާށޭ ބުނަންވެގެން ގުޅީ” ރިހާމު ބުންޏެވެ. އެވަގުތު ކެބިންގެ ދޮރުގައި މީހަކު ޓަކި ޖަހާލި އަޑުއިވުނެވެ. ކުއްލިއަކަށް ރިހާމު މޭޒުގެ ކޮޅުން ތެދުވެ އޭނާ އިންނަންޖެހޭ މަގާމަށް ދިއުމަށް އެނބުރިގަތެވެ. އޭރު ޞޮފާވެސް ދާން އުޅެފައި އެނބުރިއައިސް ރިހާމުގެ މޭޒު ކުރިމަތީގައި ހުރި ގޮނޑީގައި އިށީންނަނީއެވެ.

އެއްފަހަރު ތެދުވެލާފައި އަނެއްފަހަރު ދެކޮޅަށް ހިނގާލާފައި އުޅޭ ޖިޔާގެ މޫނު މަތި ފެންނަނީ ފިކުރު ބޮޑުވެފައި ހުރިހެންނެވެ. އަމިއްލަ

ހާލާމެދު އޭނާ ވަރަށް ވިސްނައެވެ. ރިހާމު ގެއަށް އައީ އިރުއޮއްސި ހަތެއް ޖަހާ ދިޔަފަހުންނެވެ. ޖިޔާ އާއި އަނގައިން ބުނުމެއްނެތި އޭނާ ފެންވަރާލާ ރީތިވެލައިގެން އަނެއްކާވެސް ނުކުތީ ބޭރަށް ދާށޭވެ. ޖިޔާވެސް ރިހާމާއި ވާހަކައެއް ނުދައްކައެވެ. ދައްކާނެ ވާހަކައެއްވެސް އޭނާއަށް ނޭނގުނީއެވެ. ކިތަންމެ ހިތްހަމަނުޖެހިފައި ހުއްޓެއްކަމަކުވެސް ރިހާމު ގެއަށް އައިސްފައި އަނެއްކާ އެހާ ރީތިވެގެން ބޭރަށް ދިޔައީ ކޮންތާކަށް ދާންބާއޭ ޖިޔާގެ ހިތަށް އެރިއެވެ. އަނެއްކޮޅުން ދެން ރިހާމު ދާގޮތަށް ނާންނާނެ ނަމައޭވެސް ޖިޔާގެ ހިތަށްއެރިއެވެ. ޖިޔާ އެނދުގައި އިށީނދެލައިގެން އިނދެ ދެއަތުން އެނދުގެ އަރިމަތީގައި ބާރަށް ހިފަހައްޓާލިއެވެ. އެހެންއިނދެ މޫނު ހަދާލެވުނީ ރިހާމު ނުކުމެގެން ދަމުން އެކޮޓަރި ތަޅުލީމައެވެ. އަނެއްކާވެސް ހަތަރުފާރުގެ ތެރޭގައި ޖިޔާ އެކަނިވީއެވެ. ހަށިގަނޑުގެ ވަރު ދޫކޮށްލުމާއިއެކު ޖިޔާ އެނދުމައްޗަށް އުއްޑުން ވެއްޓިގަތެވެ.

ކާރު މަޑުކޮށްލުމާއިއެކު ގަޔަށް ހިފާފައި ހުރި ކަޅުކުލައިގެ ކުރު ހެދުމެއްގައި ޞޮފާ ހިނގާލާފައި އައިސް ކުރީ ސީޓަށް އަރައިފިއެވެ. ވަގުތުން ޞޮފާގެ ރީތިކަމަށް ރިހާމު ތަޢުރީފުކޮށްލީ ޞޮފާގެ ހިތްހަމަޖައްސާލަދޭން ބޭނުންވާތީ އާއިއެކުއެވެ. ލުއި ހިނިތުންވުމަކުން ހީނލި ޞޮފާ ސުވާލު ކުރީ އެމީހުންގެ މިރޭގެ މަންޒިލަކީ ކޮބާތޯއެވެ.

ޞޮފާ ކުރި ސުވާލަށް އިރުކޮޅަކު އެއްޗެއް ނުބުނެ އިނދެފައި ރިހާމު ހީނލިއެވެ. އޭރު އޭނާގެ ސިކުނޑީގައި ވަނީ ހަމައެކަނި ކޮފީއެއް ބޯލުމުގެ ޚިޔާލު އެކަންޏެއް ނޫނެވެ.

“އަހަރެން ގެންދާ ކޮންމެ ތަނަކަށްވެސް ޞޮފާ ގޮސްދާނަންތަ” ރިހާމު ހުވަފެނީ ގޮތަކަށް ބަލާލަމުން ޞޮފާގެ މޫނަށް ވެއްޓިފައި ހުރި އިސްތަށިކޮޅު ކަންފަތް ކައިރީ އަޅުވާލަދީފައި އަހާލިއެވެ. ރިހާމުގެ އެ ހަރަކާތުން ޞޮފާގެ މޭގައި ފޮރުވިފައި އޮތް ހިތް ބާރަށް ތެޅި ގަތެވެ.

“ހޫމް، ކީއްވެ ނުދާންވީ، ރިހާމު ތިހެން އަހާއިރުވެސް އެނގެންވާނެ އަހަރެން ރިހާމަށްޓަކައި ކޮންމެ ކަމެއްވެސް ކޮށްފާނެކަން” ޞޮފާ ރަކިގޮތަކަށް އިސްޖަހާލައިގެން އިނދެ ބުންޏެވެ.

“އޯ! ހާދަ އިތުބާރެކޭ ދޯ ތިކުރަނީ، އެކަމަކު އަހަންނަށް ތިހާ އިތުބާރު ކުރާކަށް ނުވާނެ އެނގޭ” ރިހާމު ހީނލާފައި ބުންޏެވެ.

ހަތަރު ފުރޮޅުލީ ދިއްވާ އެއްޗެހި ދުއްވުމަށް ކަނޑައަޅާފައި އޮންނަ މިންގަނޑަށްވުރެ ބާރު ދުވެއްޔެއްގައި ރިހާމުގެ ކާރު އައިސް މަޑުކޮށްލީ ނަސަންދުރާ ކައިރިއަށެވެ. އޭރު އެތަނުގައި ވަރަށް ގިނަ އަދަދަކަށް މީހުން އެއްވެފައި ތިއްބެވެ. ޞޮފާ ކާރުން ފޭބުމުން ރިހާމު ނައްޓާލީ ކާރު ޕާކުކޮށްލުމަށެވެ. އެތަނުގައި ހިނގާބިނގާވެ އުޅޭ މީހުން އެމީހުންގެ އަމިއްލަ ކަމަކައިގެން އުޅުނެއް ކަމަކު ޞޮފާ އާއި ދިމާލަށް ނަޒަރު ހިންގާނުލާ ނުދެއެވެ. ރިހާމު އައިސް އަތުގެ އިޝާރާތުން ޞޮފާއަށް ދާންވީ މިސްރާބު ދައްކާލިއެވެ. އެއާއިއެކު ދެމީހުން އެކުގައި އައިސް ދޮށިގަނޑު ކައިރީ މަޑުކޮށްލައިގެން އޮތް ލޯންޗަށް އަރައިފިއެވެ.

ބާރު ދުވެލީގައި ކަނޑުގެ ލޮނުގަނޑު ކަފަމުން ލޯންޗު ދިޔައިރު، ފަހަތުގައި ހުރި ސީޓުތަކުން ސީޓެއްގައި ރިހާމު އިށީނދެގެން އިންއިރު އޭނާގެ ކުރިމައްޗަށް ޞޮފާ އިނެވެ. ދޭތެރެއަކުން ދެ ޒުވާނުންގެ ހަތަރުކަޅި ބައްދަލުވެގެން ދިޔަޔަސް އަނެއްބައި ފަހަރުތަކުގައި ކޮންމެ މީހެއްގެ ނަޒަރު ހުއްޓާލެވެނީ ވަށައިގެން ފެންނަމުންދާ ގުދްރަތީ ރީތި ކަމަށެވެ. ރޭގަނޑުގެ އަނދިރީގެ ތެރޭގައި ރަށްރަށް ދިއްލާފައި އޮންނަ އިރު ފެންނަލެއް ރީތި ކަމުންނެވެ.

“ފިނިވަނީތަ… މިކޮޅަށް އަންނަންވީނު”  ޞޮފާ އޭނާގެ އަތުގައި އަނެއްއަތުން އަތްހާކާތަން ރިހާމަށް ފެނުމުން ބުނެލިއެވެ. ރިހާމު ދިން ދައުވަތު އަވަހަށް ޤަބޫލު ކުރުމުގެ ގޮތުން ޞޮފާ، ރިހާމުގެ ގާތުގައި އިށީނެވެ. އެހިނދު ރިހާމު އޭނާގެ އަތް ޞޮފާގެ ފުރަގަހުން ވަށާލާފައި ގެނެސް އޭނާގެ ގަޔާއި ކައިރިކޮށްލަމުން ހިފަހައްޓާލިއެވެ. ޞޮފާ އިނީ ރިހާމުގެ ހަރަކާތްތައް ހުރި ގޮތް ޤަބޫލު ނުކުރެވިފައެވެ. ރިހާމު އޭނާ އާއި ހަމަ އެހާ ގާތްވެދާނެ ބާއޭ ސުވާލު އުފެދިފައެވެ. ނަމަވެސް އެގޮތަށް އެކަން ވީތީ ޞޮފާ އިނީ ވަރަށް އުފަލުންނެވެ.

ރިސޯޓަށް ފޭބިގޮތަށް ރިހާމު ޞޮފާ ގޮވައިގެން ދިޔައީ އެތަނުގެ ރެސްޓޯރެންޓަށެވެ. އެތަނުގައި ތިބެ ކައިބޮއެ ނިންމާފައި ދެންނުކުތީ އަތުރު މަތީ ހިނގާލުމަށެވެ. އުޑުމަތި ބަނަވެފައި ވިއްސާރަވުމުގެ ކުލަވަރު ފެންނަމުން އޭރު ދިޔައެވެ. އެހެންވެ ހަނދުވެސް ވަނީ ވިލާތަކުގެ ތެރޭއަށްވަދެ ފިލާފައެވެ. ދެބޫޓު ކިބަ އަތުން ހިފަހައްޓާލައިގެން ހުރެ ޞޮފާ ކުރިއަށް ދިޔައީ ރިހާމުގެ އަތުގެ ތެރޭގައި އޭނާގެ ގައިގާ ލައްވެލައިގެން ހުރެއެވެ. ރިހާމުވެސް އޭނާ ދުރަށްލާކަށް ނޫޅެއެވެ. އުޑުގައި ތަރިތަކާއި ހަނދު ފެންނަން ނެތްކަމުގައި ވިޔަސް އެރެއަކީ ނުހަނު ހިތްގައިމު މަސްތުކުރުވަނިވި ރެއަކަށް ޞޮފާއަށް ވިއެވެ. އޭނާގެ ހިތުގެ މުރާދު ހާޞިލުވާން އުޅޭ ކަހަލައެވެ. ކުއްލިއަކަށް ޖެހިލި ފިނިފިނި ބާރު ވައިރޯޅި އާޢިއެކު ޞޮފާ ކުރިއަށްވުރެވެސް ރިހާމާއި ގާތްވެލައިފިއެވެ. އަދި ރިހާމުގެ އުނަގަނޑުގައި އަޅުވާލެވިފައި އޮތް އޭނާގެ އަތުން ބާރަށް ރިހާމުގެ ގައިގާ ހިފަހައްޓާލެވުނެވެ.

“ހިނގާ ރޫމަށް ދަމާ، އަހަރެން މިކޮޅުން ރޫމެއް ހުންނާނީ ނަގާފަ، މިރޭ އަހަރުމެން ތިބޭނީ މިކޮޅުގަ، މާލެ ދާނީ ހެނދުނުން”  ރިހާމު އޭނާގެ ހިނގުން މަޑުކޮށްލަމުން ބުންޏެވެ.

“މިކޮޅުގައޭ، އެކަމަކު ހެނދުނުން އޮފީހަށްވެސް ދާންވާނެ އެންނު، އަހަރެން މިއައީ މިކޮޅުގަ މަޑުކުރާ ގޮތަކަށްވެސް ނޫން، އިތުރު ހެދުމެއްވެސް ނުގެންނަން” ޞޮފާ ހައިރާންވެފައި ބުންޏެވެ.

“ހެދުން އެހާ މުހިންމެއް ނުވާނެ، ހެނދުނު އޮފީހަށް ދާން ތިހެދުންވެސް ރަނގަޅެންނު، ޞޮފާ އާމުކޮށްލާ ހެދުންތަކާއި ތި ހެދުމާއި މާބޮޑު ތަފާތެއް ނެތް، އެހެންނޫނަސް އަހަރެން ޞޮފާ ގޮވައިގެން މިތަނަށް މިއައީ ނިދާކަށްނޫން، ޞޮފާ ނިދިއަކަށް އަހަރެން ނުދޭނަން އެނގޭ” ރިހާމު ލާނެތް ގޮތަކަށް ބުނެލިއެވެ.

އެ ދެ ޒުވާނުންނަށް ޚާއްޞަ ކުރެވިފައި ހުރި ކޮޓަރިއަށް ވަދެވުނީ ކިރިޔާއެވެ. ވާރޭގެ ތިކިތަކުގެ ހަމަލާތައް ބިންގަނޑަށް ދޭންފެށީ އެވަގުތުއެވެ. ރިހާމު ވަންގޮތަށް އެނދުމައްޗަށް ވެއްޓިގަތެވެ. ކޮޓަރީގައި ވަކިން ހުރި ގޮނޑީގައި ޞޮފާ އައިސް އިށީނެވެ. ރޭގެ ބާކީ އޮތްބައިގައި ވާނީ ކިހިނެއްކަމާއިމެދު ޞޮފާއަށް ވިސްނެމުން ދިޔައެވެ. ހިނިތުންވެލައިގެން ރިހާމަށް ބަލަހައްޓައިގެން ޞޮފާ އިންއިރުވެސް އޭނާގެ ބަނޑުގައި ކުދިކޮކާ އުދުހޭފަދަ އިޙްސާސެއް ކުރެވެމުން ދިޔައެވެ. ރިހާމުގެ އެންމެ ހަރަކާތަކުންވެސް އޭނާ އެ އަތުގެ ތެރެއަށް ގަނޑުފެންކޮޅެއް ފަދައިން ވިރިގެން ފައިބާނެކަން ޚުދު ޞޮފާއަށްވެސް ޔަގީން ވެއެވެ. ރިހާމުގެ ކޮންމެ ބަލާލުމަކުން އޭނާގެ ހަށިގަނޑުގެ ވިންދު އަވަސް ވެއެވެ. މިރޭ ރިހާމުގެ ފަރާތުން ފެނިގެންދާފަދަ ގާތްކަމެއް މީގެ ކުރިއަކުން ޞޮފާއަށް ފެނިފައެއް ނުވެއެވެ. އެއްފައި މައްޗަށް އަނެއްފައި ލަމުން ގޮނޑީގައި ހަމަޖެހިލަން ޞޮފާ މަސައްކަތް ކުރިއެވެ. އެހެންނަމަވެސް އޭނާގެ ނޭވާ ހިފަހައްޓާލައިގެން އިން ކަހަލައެވެ.

“އޭސީ ޖައްސާލަންތަ، ކޮޓަރިތެރެ ކުޑަކޮށް ހޫނުހެން ހީވަނީ” ރިހާމު ތެދުވެ އެނދުގައި އިށީންނަމުން ބުންޏެވެ. އޭގެ ޖަވާބުގައި އަވަސް އަވަހަށް ޞޮފާއަށް ބޯޖަހާލެވުނެވެ. ރިހާމު ދެން ބަލާލީ މިނީބާރ ގައި ހުރީ ކޮންއެއްޗެއް ތޯއެވެ. އޭގައި ބަހައްޓާފައި ހުރިތަނުން ޗޮކުލެޓެއް ނަގާ ވަގުތުން ކަނޑާލިއެވެ. އަދި ޗޮކުލެޓު ކާލަމުން އަނެއްބައި ޞޮފާއަށް ދައްކާލީ ބޭނުންތީ އަހާލަންވެގެންނެވެ. ޞޮފާ ނޫނެކޭ ބުނެ ދެފަރާތަށް ބޯހޫރާލިއެވެ.

“ވަޓް ހެޕަން، ހާދަ މަޑުމަޑުން ތި އިންނަނީ، ގެއަށް ދާންވީތަ” ރިހާމު އަހާލިއެވެ.

“ކަމެއް ނުވޭ، ގެއަށް ނައިސްގެން ލަސްވެގެން އުޅޭނީ މަންމަ، އިރުކޮޅަކުން ގުޅާލާފަ ބުނާނަން މިރޭ ދެވެން ނެތްވާހަކަ…، ރިހާމު، ތީ ހަމަ ރިހާމުތައް” ޞޮފާ ބޯއަރިކޮށްލާފައި ގޮނޑީގެ އަތްގަނޑުގައި އަތްއަޅުވާލަމުން ރިހާމަށް ބަލާލީ ލޯބިވެތި ގޮތަކަށެވެ. ކަޅު ކުލައިގެ އަނދުނުން ފަވާލެވިފައިވާ ޞޮފާގެ ދެލޮލުން ރިހާމަށް ފޮނުވަމުން ދާ މެސެޖުތައް ދެނެގަތުމަށް ރިހާމު މަސައްކަތް ކުރިއެވެ. މަޑުމަޑުން ރިހާމު އައިސް ޞޮފާގެ ދާދި ގާތުގައި މަޑުކޮށްލަމުން އަތްދިއްކޮށްލިއެވެ. ޞޮފާ އެ އަތުގައި ހިފަމުން ތެދުވިއެވެ. ދެމީހުންވެސް ތިބީ އެކަކު އަނެކަކުގެ ނޭވާ އިޙްސާސްވާހާ ގާތުގައެވެ. ރިހާމު، ޞޮފާގެ ހިމަ އުނަގަނޑުގައި ހިފާ ގެނެސް އޭނާގެ ހަށިގަނޑުގައި ޖައްސާލިއެވެ.

“އަހަރެންގެ ހުރިހާ ހިއްސެއް އަދި ހަމަ، އެހެންވީމަ ތިހާ ރީތި ކުއްޖެއް ފެނި އަތުން ފައިން ގޯހެއް ނުހަދާ ހުންނާނީ ކިހިނެއް، އަހަރެން ހީކުރީ ޞޮފާއަށް އަހަރެން ކަމުދާކަމަށް، ރަނގަޅަށްތަ މި ހީކުރެވެނީ” ރިހާމު، ޞޮފާގެ ދަތްދޮޅީގައި ހިފައި އޭނާގެ މޫނާ ދިމާލަށް އުފުލާލަމުން އެ ދެލޮލަށް ބަލަން ހުރެ ބުންޏެވެ. ޞޮފާ މަޑުމަޑުން ބޯޖަހާލިއެވެ. އަދި ރިހާމުގެ މޭގައި ބޯއަޅާލަމުން ބާރަށް ބައްދާލިއެވެ.

ބާލީހުގައި ބާރަށް ބައްދާލައިގެން އޮވެ ދެފަރާތަށް ފުރޮޅުން ނޫންކަމެއް ޖިޔާއަކަށް ނުވިއެވެ. އޭނާގެ ދެލޮލަށް ނިންޖެއް ނައެވެ. އެގާރަ ޖަހާ ގޮސް މިހާރު ބާރަ ޖަހަނީއެވެ. އަދިވެސް ރިހާމު ގެއަކަށް ނާދެއެވެ. އޭނާ ކުރާ ކަމެއް އޮޅުން ފިލުވަން ޖިޔާ ބޭނުންވެފައި އޮތް ކަހަލައެވެ. މަޑުމަޑުން ތެދުވެގެން އައިސް ކޮޓަރީގެ ދޮރު ހުޅުވާލުމަށް ތަޅުގެ އަތްގަނޑުގައި ހިފާލެވުނެވެ. ދޮރެއް ނުހުޅުވުނެވެ. މާޔޫސްކަމާއިއެކު އައިސް އެނދުގައި އިށީނުމަށްފަހު ފެންޖަގުން ފެންތައްޓެއް އަޅާލުމާއިއެކު އެތި އެތި ފޮދުން ފެންތަށި ބޮމުން ދިޔައެވެ.

“އަނެއްކާ ރިހާމު ގެއަށް އައިސް މިކޮޓަރިއަށް ނުވަނީކީ ނޫންބާ، ސޯފާގަވެސް އޮވެދާނެ، ރުޅިއައިސްފައި ހުރިވަރުން މި ކޮޓަރިއަށް ނުވަންނަންވެގެން ކަންނޭގެ، އެކަމަކު އެއްޗެހިވެސް ބަދަލު ކުރަން ބޭނުންވާނެ، ނޫނީ އަހަރެން މިގޭގަ ބަހައްޓާފައި އެ އަންހެން މީހާ ކައިރިއަށް ދިޔައީ ކަންނޭގެ، ވަރަށް ފޫހިވޭ، އަހަރެން ދޫކޮށްލާފަ ގޮސް ވައްތަރު ވައްތަރަށް އުޅުނީމަ ނިމުނީނު، ކޮންމެހެން އަހަރެންވެސް ބޭނުމެއްނޫން ރިހާމުގެ ވައިފަކަށް ވެގެން އިންނާކަށް… އަނިޔާވެރި މީހާގަނޑު… ވަރަށް ފޫހިވޭ… ދޮރުގެ ތަޅު ހަލާކު ކޮށްލަން ވީ” ޖިޔާ އެކަނިމާ އެކަނި އިނދެ އަމިއްލަ ޟަމީރާ ވާހަކަދައްކަމުން ދިޔައެވެ.

އިތުރަށް ބަހެއް ބުނުމުގެ ބަދަލުގައި ޢަމަލު އިސްވެގެން ހިނގައްޖެއެވެ. ރިހާމާއި ޞޮފާގެ ހަށިގަނޑުވަނީ ތަތްލާފައެވެ. އެކަތިގަނޑެއްހެނެވެ. ހަރަކާތްތައް އަވަސްވެފައި ހުރި އިރު ދެމީހުންގެ މެދުގައި އޮންނަންވާ އިން ފަހަނަ އަޅައި ހިނގައްޖެއެވެ. އަރާމާއި ހިތްހަމަ ޖެހުން ލިއްބައިދެމުން ދިޔަ އެވަގުތުކޮޅު ދިގު ކުރުމަށްޓަކައި ރިހާމު މަސައްކަތް ކުރިއެވެ. ޞޮފާގެ ދެލޯ ވަނީ މަރާލެވިފައި ކަމަކު ހިނދުހިނދުކޮޅުން ލޯ ހުޅުވާޅެވެނީ ރިހާމުގެ ދާތިކި ހިލިފައި ހުރި މޫނަށް ބަލާލަން ބޭނުންވެގެންނެވެ. ބޯކޮށް ވެހެމުން ދިޔަ ވާރޭގެ އަޑުވެސް ޞޮފާއަށް ހަމަހިމޭން ވެފައި ވާ ކަހަލައެވެ. އިރުއިރުކޮޅާ ރިހާމުގެ އަތުގައި ޞޮފާއަށް ބާރަށް ހިފަހައްޓާލެވެއެވެ.

(ނުނިމޭ)

Leave a Comment

Your email address will not be published. Required fields are marked *