LUQAL BANDHAA (BOOK 5) – 1

ބޯމަތީގައި ހާމައަށް ޖަވާހިރުގެ މުތީތަކުން ވިދަމުންދާ ކަޅުކަން ގަދަ ސާލެއް ފަތުރާލައިފައި އޮތް ކަހަލައެވެ. މާކުރިން މިރޭގެ ހަނދު އޮއްސިއްޖެއެވެ. އެއް ރާގަކަށް އިވިއިވި ހުރީ ގޮނޑުދޮށާ ރާޅުތައް އަބަދުމެ ކުރާ ސަމާސާގެ މިއުޒިކީ އަޑެވެ. މުޅި މާޙައުލުގައި ހިފާފައި ހުރީ ގަދަ ލޮނުވަހެވެ. ރޭގަނޑުގެ ވަގުތެއްކަމަކު ކަނޑުން އަރައިގެން އަންނަ ފިނި ރޯޅިތައް ވެށީގެ ތެރެއަށް އެހާމެ އަވަހަށް އޮބި ފަޒާގައިވީ އުދާސްކަން އެކުލެވޭ އާދަޔާ ޚިލާފު ހޫނުކަމެކެވެ. ގުދުރަތުގެ އެ ފުރިހަމަކަން ހިތަކަށް ލިބިފައިވުމުން އެކަމަށް ސަމާލުކަމެއް ދޭ މީހަކުނެތެވެ. ފަސްގަނޑަށް ޖަހާފައި ހުރި ދިގު ދަނޑިތަކުގައި ހަރުކޮށްފައިވާ ބޮނބިގަނޑުގައި ރޯކޮށްފައި ހުރި އަލިފާން ބިގަރުތަކުން މުރުމުރު އަޑު ލައްވަމުން އަނދަމުން ދާއިރު އަތިރިމަތީގެ ބޮޑުބައެއް އޮތީ ހުޅުދާންވެފައެވެ. ދޭތެރެއަކުން ބޮނބިގަނޑުގެ ނަރުތައް އަނދައިގަންނަ ގޮތުން ދުރަށް އަލިފާން ކަނި ބުރައިގެން ދެއެވެ. ފަސްގަނޑުމަތީ އަޅާފައި އޮތް ކުނަލުގައި ރައުލް އިނެވެ. އޭނާގެ އަތުތެރެއަށް ވާހެން ވަދެ އިން އީޝަލްގެ ސާފު މޫނު އަލިފާން ބިގަރުތަކުގެ ރިވެލީގައި އަލިވޮށެއް ފަދައެވެ. ޚާއްޞަކޮށް އެ މޫނަށް ވެރިވާ ޖާދުވީ ފުޅާ ހިނިތުންވުން ރައުލްގެ ހިތް އަވަސްކުރުވައެވެ. ސަކަރާތުގައި ޖެހިފައި އިން އަނބިމީހާގެ ސަމާލުކަން ވަނީ ކޮންކަމަކަށްކަން ރައުލްއަށް އެނގެއެވެ.

އަނތިރިމަތީގައި ފާހަގަކޮށްފައި އޮތް ބުރުތެރޭ ގުޅަކުޅެނީއެވެ. ރަށުގައި އުޅޭ އެކި މަޚުލޫގުން ކުޅިބަލަން އެތަނަށް އެއްވެތިއްބުމަށްފަހު މަޑުމަޑުން އެބައިމީހުންގެ އަމިއްލަ ކަންކަމަށް އެނބުރި ދާންފަށައިފިއެވެ. ގުޅަކުޅޭ މެންބަރުންނަށް އިންސާފުކުރާން އިނީ އީޝަލްއެވެ. އަތްތިލަބަޑި ޖަހާލުމާއެކު އީޝަލް ގޮވާލީ ދާރިއުސްގެ ނަމެވެ. ހިތްވަރުދޭ ފަދައިންނެވެ. ބުރުތެރޭ ދާރިއުސްއާއި ލުގަލްބަންދާ ގުޅަމަތި ހިފަނީއެވެ. ކޯމަސްފުރޮޅިއަކާއެކު ލުގަލްގެ އަތުތެރޭން ދާރިއުސް މިނިވަންވެ ފުންމައިގެން ތެދުވިއެވެ. އެންމެންގެ ތެރެއިން އެންމެ ހަގީ އޭނާ ނަމަވެސް ޒުވާންކަމުގެ ޖޯޝާއި ޖޯރު ވިއެވެ. އީޝަލްމެންގެ ކައިރިއަށް އެންމެ ފުރަތަމަ އައި އިރަށްވުރެ އޭނާގެ ހަށިގަނޑު ބިޔަވެ އިސްކޮޅު ވެސް ދެމިލައިފިއެވެ. ވަރުގަދަ ފަހުލަވާނެއްގެ ސިފަތައްވީއިރު އެއީ ބޭރީތުގެ ދަރިއެއްކަން އެނގޭހާވެއެވެ. ރައުލްއާއެކު ހަނގުރާމައިގެ އުކުޅުތައް ދަސްކުރުމުގައި އޭނާ ކޮންމެ ދުވަހަކު އުޅެއެވެ. ލުގަލްބަންދާގެ ފަހަތުން އުޅޭއިރު ވައިސިންނީގެ ލާނެތް ސަމާސާތަކުގެ އަމާޒުފަތްގަނޑަށް އެ ދެމީހުންވަނީ ވެފައެވެ. ދާރިއުސްގެ ހަރަކާތްތަކަށް ފަރުވާތެރިވެ ހުރި ލުގަލް ހުސިޔާރުކަމާއެކު ކޮޅަށް ތެދުވިއެވެ. ހައިވާނެއްގެ ސިފައިން މީހެއްގެ ސިފައަށް އޭނާ ބަދަލުވާން ފެށިތާ އަދި ގިނަ ދުވަހެއްނުވެއެވެ. އޭނާގެ ސިފަ އެގޮތަށް ބަދަލުވާއިރު ސިންގާއެއްގެ ހުޅިހެން އޮންނަ ބޯ ކެހެރިގަނޑު ބަދަލުވެގެން އައީ ކަޅުކަން ގަދަ ދިގު އިސްތަށިގަނޑަކަށެވެ. ގުޅަމަތި ހިފަން ހުރިއިރު އޭނާގެ އެ ކަޅުކަން ގަދަ ދިގު އިސްތަށިގަނޑު ބޮލުމެދަށް ހުޅިއެއްހެން ޖަހާފައި ހުއްޓެވެ. އަނދިރިކުލައިގެ ވަރުގަދަ ހަށިގަނޑާއި ދިގު އިސްކޮޅުން އޭނާ ދާރިއުސްގެ ދެމީހުން ވަރުވެއެވެ. އަލިފާންކުލަ ވެރިވެފައިވާ ދެ ލޮލުން އޭނާ ބަލަމުންދިޔައިރު ތުންފަތުގައި ސިއްރުވެރި ފަނޑު ހިނިތުންވުމެއް ވިއެވެ. ދާރިއުސް ގައިގާ ހިފައިގަތުމުގެ ކުރީން އަވަސް ނަޒަރެއް ކުނާމަތީ އިން އީޝަލްއަށް ލުގަލް ދިނެވެ. އެ ކުޑަކުޑަ ބަލާލުމުން ވެސް ރައުލްގެ ހިތް އަނދައިގަތީ ބޭއިޚްތިޔާރުގައެވެ. މަޑުމަޑުން އަނބިމީހާގެ ކޮނޑުގައި ރައުލްއަށް ބޯއަޅާލެވުނީ އޭނާގެ އެ ބަދަލުނުވި ހަސަދައިގެ މޮޔަކަން ހިތަށް އަރާފައެވެ. އީޝަލްއަކީ އޭނާގެ ހައްޤެކެވެ. އަދި އެ އަނބިމީހާ އޭނާއަށް ދީފައިވާ މަޤާމު ދެވަނަ ފަރާތަކަށް ނުދޭނެކަން ޚުދު ރައުލްއަށް އެނގެއެވެ. އީޝަލްއާއި ލުގަލްބަންދާއާ ދެމެދު ދުވަހަކުވެސް އޭނާ ހީކުރާފަދަ ގުޅުމެއް ނުހިނގާނޭކަން ވެސް އެނގެއެވެ. އެހެންވިޔަސް އޭނާގެ ނިކަމެތި ހިތަށް އަރާލޮޅުންތަކީ އަމިއްލަ އިޚްތިޔާރުން ބޭރުވެފައިވާ ކަންކަން ފަދައެވެ.

ބުރުގެ ބޭރުގައި މިހާރު ކުޅިބަލަން ތިބީ ރާވިންގެ ދެމަފިރިންނާއި، މިޒަރެންނާއި ވައިސިންނީއާއި ޒަލަފްގެ އިތުރުން އިކަރޯސް އެވެ. އެންމެންނާ ހިފައިގެން އެންމެ ފުރަތަމަ ބަލިވި މީހަކީ މިޒަރެންނެވެ. އެއްވެސް ކަހަލަގެ ބާރެއްގެ ބޭނުންކޮށްގެން ނުވާނޭކަން ނިންމުމުގެ ސަބަބުންނެވެ. ވައިސިންނީ ވެސް އޭނާގެ ބާރުތަކާއިނުލާ މީހަކަށްނުވިއެވެ. ލިބުނު ފުރުސަތުގައި ލުގަލް އޭނާ ނަގައި ގުޅައަކަށް ޖެހިމުން ބަލި ޤަބޫލުކުރީ ނިކަން އަވަހަށެވެ. އެތަނުގައި ލުގަލްއާ ބެއްދޭވަރުގެ މީހަކުނެތެވެ. ދާރިއުސް ވެސް ބަލިވެގެން ބުރުން ނުކުތީއެވެ. ފުންނޭވާތައް ކޮންޓްރޯލު ކުރަމުން ލުގަލް އެންމެންނަށް ބަލާލިއެވެ. ދެން އަންނަނީ ކާކުތޯ އަހާލާ ފަދައިންނެވެ. އެއާއެކު އިންތަނުން ތެދުވިތަން ފެނުނީ ޒަލަފްއެވެ. އިންސާނެއްގެ ސިފަ ޚިޔާރުކޮށްގެން އުޅޭ ޒަލަފްގެ ސިފަ ބަދަލުވިއެވެ. އޭނާގެ ކަޅުކަން ގަދަ ދިހުން އަރާ ހަންގަނޑާއި ރަތްކުލައިގެ ރޫބީއެއް ފަދަ އަލިގަދަ ދެ ކަޅި ވިދާލިއެވެ. އިސްތަށިގަނޑުގެ ތެރެއިން އުފުލި ފަހަތަށް ލެނބިލާފައި އޮތް ދެ ދަޅު ފާޅުވެލިއެވެ. ފޫގަޅައިގެން ހުރި ފޮށާގަނޑުގެ ބުޑާ ދިމާލުން ދެއަތް ހާކާލާފައި އޭނާ ބުރުތެރެއަށް ވަނެވެ. ވައިސިންނީ އިނދެފައި ފޯރި އަރައިގަތެވެ. ލުގަލްއާ ދިމާއަށް އެތިވަރުތައް ގޮވައިގަތެވެ. ދެރަބަހުން ޖަހާލީއެވެ. ރާވިން އިނދެފައި ތުނބުން ފުމެލިއެވެ. އީޝަލްއަށް އިށީނދެއެއް ނީނދެވުނެވެ. އެންމެންގެ ހަނދާންތަކުގައި ބޭރީތާއި ކުރެވުނު ހަނގުރާމަވަނީ ބިންވަޅު ނެގިފައެވެ. ޒަގަންއާއެކު ހިނގި ކުރިމަތިލުމުގައި ޒަލަފްގެ ކުޅަދާނަކަން އެންމެންނަށްވަނީ ފެނިފައެވެ. އަނބިމީހާ ތެދުވުމުން އޭނާގެ ފަހަތުން ރައުލް ތެދުވިއެވެ. ކޮންމެ ޖިންނިއަކު އެމީހަކަށް ލިބިފައިވާ ބާރުގެ އަޖުމަބެލުމުގައި ފޯރިދިޔައީ ހައްތަހާ ގަދަވަމުންނެވެ.

ޒަލަފްއާއި ލުގަލް ހިފަމުންދިޔައެވެ. ކުއްލިއަކަށް ފެނުނީ އެތަނަށް މީކާޢިލް ފޭބިތަނެވެ. ޒިޔަޒެލްއާއެކު އާރަމްގެ ކައިރިއަށް ޒިޔާރަތްކޮށްފައި އެނބުރިއައީކަން އީޝަލްއަށް އެނގުނެވެ. މީކާޢިލްއާ ސަލާމްކުރުމަށް ރައުލްއާއި އީޝަލް އަވަސްވެލިއެވެ. މީކާޢިލް ދެ އަތް އުރާލައިގެން ބަލަން ހުރި ގޮތުން އެ ހުރީ ޒަލަފްއާއި ލުގަލްގެ ހިފުމަށް ޝައުގުވެރިވެފައިކަން އެނގެއެވެ. ބިންމައްޗަށް ޒަލަފް ޖެހި މަންޒަރު ފެނި މީކާޢިލް ހީނލައިފިއެވެ. އެކުވެރިޔާގެ ހުނުން އިވި ޒަލަފް ގޮވާލީ ބުރުތެރެއަށް މީކާޢިލް ވަނުމަށެވެ. ނިކަން ހިއްވަރެއް ހުރިއްޔާ ލުގަލްއާ ކުރިމަތިލާން ޒަލަފް ގޮވާލީ އަރިކަށީގައި އެއް އަތުން ހިފަހައްޓައިގެން ގުދަށް އޮވެއެވެ. މީކާޢިލްއަށް ވެސް އެނގި ޔަގީންވާ ކަމަކީ އެތަނުގައި ލުގަލްއާ ކުރިމަތިލެވޭވަރުގެ ޖިންނިއަކު ނެތްކަމެވެ. ބަލި ޤަބޫލުކޮށްގެން ޒަލަފް ބުރުތެރޭން ނުކުތެވެ. އޭނާ ގޮވައިގެން މީކާޢިލް ހިނގައިގަތީ ކުދިވެރީންނާ ދުރަށެވެ.

“ރައުލް… އަނބިމީހާގެ ނިވަލުގައި ފިނޑިއެއްހެން ނުހުރެ ނުކުމެބަލަ.” ވައިސިންނީ ގޮވާލިއެވެ.

“ސޭމެސް…” ކުއްލިއަކަށް ރައުލްގެ ސަމާލުކަން މޫދާ ދިމާއަށް ހުއްޓުނެވެ.

އެންމެން އަތިރިމައްޗަށް ފޭބީއެކީގައެވެ. ފަޅުތެރެއިން ދުރުދުރުން ރެދަން ކެނޑެން ފެށިއެވެ. ގިނައިރެއްނުވެ ރެދަންތަކުން ދިއްލިފައިވާ ދެ ހިޔަނި ލޮނުގަނޑުން އަރައިގެން އަންނާތީ ފެނުނެވެ. ރާޅުފަށާ ކައިރިވެރިވީއިރު އެންމެންނަށް ސޭމެސްއާއި ހަތޯރު ފެނިއްޖެއެވެ. އެމީހުން ރައުލްމެންގެ ތެރެއަށް އެ އައީ ހަތް މަސް ފަހުންނެވެ. ރަސްކަމުގެ ކަންކަމުގައި އަވަދިނެތި އުޅޭން ޖެހުނީމައެވެ. ހިންދުކަނޑުގެ ތެރެއަށް ޣަރަޤުވިޔަ ނުދީ ބޭރީތުގެ ގަނޑުވަރު އަލުން ކޮޅަށް ނަގައި ހަތޯރު ރަސްކަމަށް ކޮލިލެވުނެވެ. ބޭރީތުގެ އުސޫލުތަކާއި ޤަވާޢިދުތަކަށް ނިމުން ގެނެސް އާ ޤަވާޢިދުތަކާއި އުސޫލުތައް އެކުލަވާލީއެވެ. އިސްލާމީ ދަންމަރުގެ މަތީ އާ ރަސްކަމެއް ފެށުނީއެވެ. އެކި ހިސާބުތަކުގައި ވަޒަންވެރިވެ އުޅޭ ބޭރީތުގެ ދަރީންގެ ނުފޫޒުން އެއްކިބާވެ މިނިވަންކަމާއެކީއެވެ. ރަސްކަމާއި އެހެން ކަންކަމުގައި ލަފާއެރުވުމުގައި ހަތޯރުގެ އެންމެ ގާތުގައި އިސް ވަޒީރެއްގެ ގޮތުގައި ހުރީ ސޭމެސްއެވެ. ހަތޯރުގެ ގާތުގައި ސޭމެސް ހުރުމަށް އެންމެ ބޮޑަށް ބާރުއެޅީ ރައުލްއެވެ.

“ކުއްލިގޮތަކަށް ތިއައީ، ކަމެއް ބޮޑުވީތަ؟.” ކަރާއިކަރު ޖައްސާ ހަތޯރާއި ސޭމެސްއާ ސަލާމް ކުރުމަށްފަހު ރައުލް އަހާލިއެވެ.

“ކަމެއް ބޮޑުނުވަންޏާ ޢާއިލާގެ ކައިރިޔަށް ޒިޔާރަތްކޮށްގެން ނުވޭތަ.” ހިނިތުންވުމަކާއެކު ހަތޯރު ބުނެލިއެވެ. އަދި އެތަނުގައި ތިބި ކޮންމެ މީހަކާއި އޭނާ ސަލާމް ބަދަލުކުރިއެވެ. ޚާއްޞަކޮށް އޭނާއާ އެއްބަފާކަމުގެ ގުޅުމުން ގުޅިފައިވާ އަޙާގެ އަނބިމީހާއާ އެންމެ ރީތިވެގެންވީ ފުރިހަމަ ސަލާމަކުން ސަލާމް ބަދަލުކުރީ ހަތޯރުގެ ހިތުގައި ދެވިފައިވާ ޚާއްޞަ ޤަދަރުގެ ސަބަބުންނެވެ. އީޝަލްގެ މައްޗަށް އޮތް ލޯތްބެއްގެ ބޮޑުކަމުންނެވެ. ދުރުގައި ތިއްބަސް އެއީ އޭނާ އެންމެ ލޯބިވާ މީހުންނެވެ.

“އެހެނެއްނޫން. ކޮންމެ ވަގުތަކު ފެނުނަސް އުފާވޭ. ގޭދޮށަށް ހިނގާ.” ރައުލް ބުންޏެވެ.

އެންމެން އައިސް ބެރެބެދި ގަހުގެ ތެރެއަށް ވަނެވެ. މެހެމާންދާރީ އަދާކުރުމަށް ޓަކައި އިޝާލްއާއެކީ ޔާފިއާ އުޅުނެވެ. އީޝަލްގެ ފަހަތުން ވައިސިންނީ ދާތީ ފެނި ލުގަލް ވެސް ހިނގައިގަތީ އެ ދިމާއަށެވެ. ދެން ތިބި އެންމެން ފެންޑާގައި ހަމަޖެހިލައިފިއެވެ. ހަތޯރުގެ ވާހަކަތައް އެންމެންގެ ތެރެއަށް ބޭޒާރުކޮށްލީ ސޭމެސްއެވެ. ރަސްގެފާނަށް އަނތްބެއްގެ ގޮތުގައި ވެދުމަށް އަރުވަން އެކި ޢާއިލާތަކުން އަންހެން ކުދީން އަންނަކަމުގެ ޚަބަރެވެ. ހަތޯރަށް ރަނގަޅު އަނތްބަކު ހޯދާ ދިނުމުގައި އެންމެ ފޯރި ނަގާފައި އުޅެނީ މަދުރާކަން ސޭމެސް ބުނެލީ ހިނިއައިސްފަ އިނދެއެވެ. އަދި ހަތޯރު އައިސް އެ އިނީ އެފަދަ ބައްދަލުވުމަކުން ފިލަންކަން ބުނެ ހަޤީޤަތް ހާމަކުރިއެވެ.

“މަންމަތަ.” ދާރިއުސްއަށް ބުނެލެވުނެވެ. އޭނާގެ މަންމަ، މަދުރާ ވަނީ އިސްލާމްކަން ޤަބޫލުކޮށްފައެވެ. އަދި ﷲ މާތްކުރެއްވި ބިމަށް އެކަލާނގެ ގެކޮޅަށް ޒިޔާރަތްކޮށްފައެވެ. އައިޒަން ރަސްގެފާނުގެ ވަފުދާއެކުއެވެ. ބަހީރާގެ އަރިހުގައެވެ. ބޭރީތުގެ ރަސްކަން ނިމުމަކަށް އައީ މަދުރާގެ ލޯ ކުރިމަތީއެވެ. އެއީ އަޖައިބުން ފުރިގެންވީ ދުވަހެކެވެ. އަދި ހިދާޔަތުގެ މަގު އެތައްބަޔަކަށް ލިބިގެންދިޔަ ހާދިސާއެކެވެ. މަދުރާއަކީ ނަސީބުވެރިއެއްކަމުގައި އޭނާ ޤަބޫލުކުރަނީ އެހެންވެއެވެ. ކުރިޔެކޭ އެއްގޮތަށް އަދިވެސް މަދުރާއަކީ ގަނޑުވަރުތެރޭގެ ކުޑަކުދީންގެ ކަންކަމާ ހަވާލުވެ ހުރި އެންމެ އިސް އާޔާއެވެ. ޅަދަރީން ހެޔޮ ގޮތުގައި އިސްލާމީ އަޚުލާޤު ލިބިގެންވާ އަލިގަދަ ވޮށްތަކެއް ފަދައިން ހޭނުމުގެ މަތިވެރި މަސައްކަތާ ހަވާލުވެ ހުރި މައިމީހާއެވެ. އުމްމު ޒަހްރާގެ ނަމުން ބަހީރާ ވަނީ މަދުރާއަށް ނަންދީފައެވެ.

“ބައިވެރިއެއް ހޯދުން ރަނގަޅު.” ނުހޭން އިންފަދައަކުން ރައުލް ބުނެލިއެވެ. އޭނާއަށް ހަތޯރުގެ ހުންނަ އަބުއިގޮތް އެނގެއެވެ.

“ކައިވެނީގެ ހުރި ހިތްހަމަޖެހުން އެނގޭނީ ކައިވެންޏެއް ކުރީމަ.” ރާވިން ބުނެލިއެވެ. އެއާއެކު ހަތޯރު ދެފަރާތަށް މަޑުމަޑުން ބޯހޫރާލީ ރާވިންގެ ވާހަކައިގަ އަބަދުވެސް ދެމާނަ އޮންނާނޭކަން އެނގޭތީއެވެ. އެއީ ބަދަލެއް ނާންނާނޭ ސަކަ މިޒާޖެއްގެ ވެރިއެކެވެ.

އުމުރުގެ ކޮންމެވެސް ހިސާބަކުން ކައިވެންޏެއް ކުރުމަކީ ހަތޯރު ވިސްނާފައި އޮތްގޮތެވެ. އެހެންނަމަވެސް ކުއްލިއަކަށް ހުރިހާކަމެއް މިވަނީ ބަދަލުވެފައެވެ. ބައްޕަގެ ރަސްކަން ނިމިދާނޭ ހީކުރެވިފަ ނެތްއިރު ޚުދު އޭނާ ރަސްކަމުގެ ސަންދާނުގައި އިށީންނަން ޖެހިދާނޭ ހުވަފެނުން ވެސް ދެކަފައެއްނެތެވެ. އެކަމަކު އޭނާ އެވަނީ ޅައުމުރުގައި ރަސްކަލަކަށް ވެފައެވެ. އަދި މިހާރު އެ ރަސްކަމުގެ ޝަރުތުތަކުގެ ތެރެއިން އޭނާ އެވަނީ ހަޔާތުގެ ބައިވެރިޔެއް ޚިޔާރުކުރާން ޖެހިފައެވެ. ރަސްކަމުގެ މުސްތަޤުބަލަށް ޓަކައި ދަރިސްފަސްކޮޅެއް ބިނާކުރުމުގެ ޒިންމާ ވެސް ބޮލުގައި އެޅިފައެވެ. ހަތޯރު އެންމެ އެދެނީ އޭނާގެ ގާތުގައި ރައުލް ހުރުމެވެ. އެކަމަކު އެ އުންމީދު ފުރިހަމަވުމަކީ މިހާރު ދުރުކަމެއްކަން ޚުދު ހަތޯރަށް ވެސް އެނގެއެވެ. އެކަމުގެ ޝަކުވާއެއް ވެސް ނެތެވެ.

ރައުލްއާއި އީޝަލްއާ ސަލާމްކުރުމަށްފަހު ހަތޯރާއި ސޭމެސް އެނބުރި ދިޔައިރު އެމީހުންނާއެކު ރާވިންގެ ދެމަފިރިން ވެސް ހިނގައްޖެއެވެ. އެ އެންމެން ދިޔަ ދިމާލަށް ބަލަން އަތިރިމަތީގައި އީޝަލްއާއި ރައުލް މަޑުކޮށްލައިގެން ތިބިއިރު ތަންކޮޅެއް ދުރުގައި ވައިސިންނީއާއެކީ ލުގަލް ހުއްޓެވެ.

“ޔޫރާ ހާދަ ލަސްވެއްޖޭ.” އީޝަލް ބުނެލިއެވެ.

ޔޫރާ އެންމެންނާ ވަކިވީ އިރުއޮއްސުނު ވަގުތެވެ. އޭނާ ދިޔައީ ލުގަލްގެ ބައްޕަގެ ޚަބަރު ހޯދުމަށެވެ. އަރްފަޒާދު މަރުނުވާކަން އެނގޭތީއެވެ. އޭނާ ހުރިތަނެއް އޮޅުންފިލުވުމަށެވެ. މެންދަމާ ކައިރިވީއިރު ވެސް އަދިވެސް އޭނާ އެނބުރި ނާދެއެވެ.

“މަސައްކަތް ނިމުނުހާ އަވަހަށް އޭނާ އެނބުރި އަންނާނެ. އެވަގުތައް އިހަށް ކެތްތެރިވެ ތިބުން އޮތީ.” އީޝަލްގެ އުނަގަނޑުގައި ހިފާލައި ގާތްކޮށްލަމުން ރައުލް ބުންޏެވެ.

“ޔޫރާ އެނބުރި އައިމަ ދޯ ނިދަންވަންނާނީ.” އީޝަލް ބުނެލީ ފިރިމީހާއާ ނަޒަރު ސީދާކޮށްލަމުންނެވެ. އެއާއެކު ރައުލް ބޯޖަހާލީ އާނއެކޭ ބުނަމުންނެވެ.

* * * * *

ބެރެބެދިގަހުގެ ކުރީގައި އިން ޒިޔަޒެލް އިރުމަތީ ފެންޑާއަށް ފޭބިއެވެ. އެތަނުގައި މީކާޢިލްއާއެކު ޒަލަފް ހުއްޓެވެ. އޭގެ ދެމީހުންނަށް ޒިޔަޒެލް ބަލާލިއެވެ.

“އޭނާގެ ޚަބަރަކީ ކޮބާތޯ ބެލުމަށް ތިތަނުން ޝައުގުވެރިވީ ކާކު؟.” ޒިޔަޒެލް ސުވާލުކުރިއެވެ. އެއާއެކު މީކާޢިލްއާއި ޒަލަފް އެކަކުއަނެކަކަށް ބަލާލިއެވެ. ދެމީހުން އެއްފަހަރާ އިޝާރާތުން ދައްކާލީ އެކަކުއަނެކަކެވެ. ޒިޔަޒެލްގެ ކައިރިއަށް އައީ ލާނެތް ހިންޏެކެވެ.

“މީކާޢިލް. ކަލޭ އަނެއްކާވެސް އަންހެނަކަށް ޝައުގުވެރިކަން އުފެދުނީތަ؟.” ޒިޔަޒެލްގެ އަޑުގައި ހުރީ ލާނެތްކަމެވެ.

“ހައިރާންވެ އަޖައިބުވީ. އިސްތަށިގަނޑާއި ދެ ލޯ ތަފާތަސް އެއީ ހަމަ ސިފަ… އެ މޫނު… އަހަންނަށް އެ ސޫރަ އޮޅުވައެއްނުލެވޭނެ. ކީއްވެ އޭނާއާ ވައްތަރުވާންވީ. ކީއްވެ އަހަރެމެންނާ ދިމާވާންޖެހުނީ. ކީއްވެ އޭނާގެ ހަށިފާރަވެރިއަކު ހުންނަންވީ.” މީކާއިލްގެ ހިތުގައިވީ ސުވާލުތައް ޖެހިލުމެއްނެތި ދެވަނަ ފަހަރަށް ޒިޔަޒެލްގެ ކުރިމައްޗަށް ބަންޑުންކޮށްލިއެވެ. އޭނާގެ ހުރިހާކަމެއް އަބަދުވެސް އެންމެ ފުރަތަމަ ޚިއްޞާކުރާ މީހަކަށް ޒިޔަޒެލްވާނެއެވެ.

“އީޝަލްއަށް އެނގޭތަ؟.” ވަގުތުކޮޅަކަށް ހިމޭންވެލާފައި ޒިޔަޒެލް އަނެއްކާވެސް ކޮށްލީ ސުވާލެކެވެ.

“އަހަރެމެން ދެ މީހުންނަށްފިޔަވާ އެކަކަށް ވެސް ނޭނގޭނެ. އެހެންނޫނަސް މީ އޭނާއާ ގުޅުން ހުރި ކަމެއްނޫން.” މީކާޢިލް ބުންޏެވެ.

“ތިކަމެއް ހިނގީ އީޝަލް ގޮވައިގެން އެމީހުންގެ ތެރެއަށް ދިޔަ ދުވަހުކަން ހަނދާންނައްތާނުލާ. ފެނުނީ ހަމަ އެ ދުވަހު، އެ ގަޑީގައި… ކީއްވެ!.” ޒިޔަޒެލް އަމިއްލަ ނަފްސާ އެ ސުވާލުތައް ކުރި ފަދައެވެ. އޭނާ ވެސް މީކާޢިލް ކިޔާދިން ވާހަކައާމެދު ހައިރާންވާކަން ޔަގީނެވެ. ދެއަތް ފުރަގަހަށް ލައި އެއްއަތުގައި އަނެއްއަތުން ހިފަހައްޓާލައިގެން ހުރެ އޭނާ ފެންޑާގައި ދެ ކޮޅަށް ހިނގަންފެށިއެވެ. އުފެއްދި ސުވާލާމެދު އޭނާ ފުންކޮށް ވިސްނަނީ ކަހަލައެވެ. މީކާޢިލް ބުނާ ފަދައިން އީޝަލްއާ ގުޅުމެއް ނޯވެ ހިނގައިދާނެބާއެވެ. އެކަމަކު މީކާޢިލް ބުނާހެން ފެނުނީ ހަމަ އެ ސޫރައަށް ވެއްޖެއްޔާ އީޝަލްއާ ގުޅުމެއްނެތި ނުދާނޭ ޒިޔަޒެލްގެ ޟަމީރު ބުނެއެވެ. އެހެންވިޔަސް އޭނާއަށް ވެސް ޔަގީންވާ ކަމަކީ ފުރާނައެއް ވަކިވެގެން ދިޔުމަށްފަހު އެ ފުރާނަ އަލުން ދިރުވުންވަނީ ޤިމާޔަތާ ހަމައަށް ފަސްކުރެވިފައިކަމެވެ. އެއީ އެއްވެސް މަޚްލޫޤަކަށް ކުރާން ކުޅަދާނަވެގެންވީ ކަމެއްނޫނެވެ. ވީމާ ވަކިވެގެންދިޔަ ފުރާނައެއް އަލުން ދުނިޔެމަތީގައި ދިރުމަކީ ވާނޭކަމެއްނޫނެވެ.

ކުއްލިއަކަށް ތިން މީހުން ސަމާލުކަމަށް އަތުވެއްޖެއެވެ. ދައްކަމުންދިޔަ ވާހަކަ ކުރިޔަކަށް ނުގެންދިޔައެވެ. ގޭތެރެއިން ފެންޑާއަށް ނުކުމެވެން ހުރި ދޮރާ ދިމާއަށް ތިން މީހުން އެނބުރި ބަލަން ތިއްބެވެ. ގިނައިރެއްނުވެ ފެނުނީ އޮޅިގިރާކޮށް އެމީހުންގެ ގާތަށް އީޝަލް ނުކުތްތަނެވެ. ބައްޕައާއި ޒިޔަޒެލްގެ އިތުރުން އެތަނުގައި ހުރި ޒަލަފްއާ އޭނާ ސަލާމް ބަދަލުކުރިއެވެ.

“ނިދަން ވަންނަނީތަ.” ދަރިފުޅުގެ ސަލާން ބަލައިގަތުމާއެކު މީކާޢިލް ވާހަކަދެއްކިއެވެ.

“ޔޫރާ… އޭނާ އެނބުރި އަތުވެއްޖެ.” މީކާޢިލްއާއި ޒިޔަޒެލްގެ މޫނަށް ވަކިވަކިން ބަލާލުމާއެކު އީޝަލް ބުންޏެވެ.

ވަގުތު ޖެހުނީކަން ޒިޔަޒެލްއާއި މީކާޢިލްއަށް އެނގުނެވެ. އީޝަލް ގޮވައިގެން އެ ދެ މީހުން ގޭތެރެއަށް ހިނގައިގަތެވެ. އެމީހުންގެ ފަހަތުން ޒަލަފް އައެވެ. އެންމެން ފެންޑާއަށް ފޭބިއިރު ވައިސިންނީއާއި ޔޫރާގެ އިތުރުން ލުގަލްބަންދާއާއި ރައުލް އިނެވެ. އެމީހުންނާ އެކަހެރިކޮށް މިޒަރެން ހުއްޓިލައިގެން ހުރީ ޒިޔަޒެލްމެން އަންނަންދެން ކަހަލައެވެ. އެމީހުން ފެނުމުން އޭނާ އައިސް މަޑުކޮށްލީ ޒިޔަޒެލްގެ ކައިރީއެވެ.

“ޚަބަރަކީ ކޮބާ؟.” އަބަދުވެސް އެންމެންގެ ތެރެއިން އިސްވެ ވާހަކަދައްކާ ޒިޔަޒެލް އަހާލިއެވެ. ޔޫރާގެ ނަޒަރު އީޝަލްއަށް ހުއްޓުމާއެކު އޭނާ ބޯޖަހާލިއެވެ. ހީވީ އީޝަލްގެ ގާތުން ވާހަކަދެއްކުމުގެ އިޒްނަ ޔޫރާ ހޯދީހެންނެވެ.

(ނުނިމޭ)

5 Comments to “LUQAL BANDHAA (BOOK 5) – 1”

Leave a Comment

Your email address will not be published. Required fields are marked *