REYFANAA ERUN

ނާޒިމާއަކީ ސަމައްތަރު ހެޔޮ ފިސާރި މުރާލި އަންހެންކުއްޖެކެވެ. އަހަރެން ނާޒިމާއާ ކައިވެނިކުރިއިރު އަހަރުމެން ދެމީހުންގެ މެދުގައި އެގާރައަހަރުގެ ތަފާތު ހުއްޓެވެ. ފަހަރެއްގައި ވެސް އަހަރެން ނާޒިމާއާ ކައިވެނިކުރީ މަޖުބޫރަކުންނޫނެވެ. އަހަންނަށް ކިޔަނީ ގާސިމެވެ. ނާޒިމާ އާއި އަހަންނަކީ ރާއްޖޭގެ ދެކުނުގެ އަތޮޅުތަކުގެ ތެރެއިން އަތޮޅަކަށް ނިސްބަތްވާ ދެމީހުންނެވެ. އަހަރުމެންގެ ކައިވެންޏަކީ ލޯބިން ކުރެވުނު ކައިވެންޏެއްގެ އިތުރުން އޭރު ރަށުފެންވަރުގައި އެންމެ ކުލަގަދަކޮށް ކުރެވުނު ކައިވެނިވެސް މެއެވެ. ނާޒިމާއަށް ކަޅިއަޅަމުން ދިޔަ އެތައް ޒުވާނުންނެއް ފަހަތަށް ޖައްސާލުމަށްފަހު ސަފުގެ ކުރި ހޯދާ ނާޒިމާގެ އަތުގައި އަހަރެން ހިފާލީ ދުވަހަކުވެސް އެކަންވާނޭ ކަމަށް ޤަބޫލުކުރެވިފައި ވާތީއެއްނޫނެވެ. ނަމަވެސް އެކަން އެހެންވުމުން ރަށުގައި ހުރި އެންމެ ކާމިޔާބު މީހަކީ އަހަރެންކަމުގައި ނަންނުވެއެއް ނުދިޔައެވެ. ހަޤީޤަތުގައި ނާޒިމާގެ އަތުގައި ހިފީ އަހަންނޭ ބުނުމަށްވުރެ ރަނގަޅީ އަހަރެންގެ އަތުގައި ހިފީ ނާޒިމާއޭ ބުނިއްޔާ އެވެ.

ނާޒިމާ އާއި އޭނާގެ މަންމައަކީ އެމީހުންގެ ޢާއިލާގައި ދެންތިބޭ މީހުންނާ އެއްވެސް ގުޅުމެއް އޮންނަ ބައެއްނޫނެވެ. އެއީ ކީއްވެކަމެއް އަހަންނެއް ނުބަލަމެވެ. އެއްވެސް އިރެއްގައި އެކަން މުހިއްމުކަމަކަށް އަހަންނަށް ނުވާތީ އެވެ. އަހަންނާ ނާޒިމާގެ ކައިވެންޏަށް އޭނާގެ މަންމަ ރުހި ޤަބޫލުވީތީ އެކަމާ އަހަރެން އުފާވިއެވެ. ނަމަވެސް އެހާ ފަސޭހައިން އަހަރެންފަދަ ރަނގަޅު ތަޢުލީމެއް ލިބިފައިނުވާ އާދައިގެ މަސްވެރިއަކާ ނާޒިމާ ގުޅެން ޤަބޫލުވީތީ އަހަރެންގެ ހިތާ ސިކުނޑި އެކަމާ ކޮންމެވެސް ވަރަކަށް ސުވާލު އުފެއްދިއެވެ. އެހެންވިޔަސް އުފާވެރިކަމާ ލޯތްބާއި ރީތި އަނތްބަކީ ތަޤުދީރުގައި އަހަރެންގެ ނަސީބުކަމުގައި ލިޔުއްވާފައިވާ ކަންކަންނަމަ އެކަންކަން ހުއްޓުވޭނެ މީހަކު ނުހުންނާނެކަން ޤަބޫލުކުރަމެވެ. ނާޒިމާއާ ސުވާލެއް ކުރަން ބޭނުންނުވީ ވެސް އެހެންވެ އެވެ. މިއީ އަހަންނަށް ލެއްވި ނަސީބެއްކަން އެނގޭތީ އެވެ.

ނާޒިމާގެ މަންމަ، ހަސީނާއަކީ އުމުރުން ދުވަސްވެ ފާޑެއްގެ ކެއްސުމެއް ހުންނަ ބަލި މީހެކެވެ. އަހަންނާ ކައިވެނި ކުރުމަށްފަހު ނާޒިމާ ބޭނުންވީ ވަޒީފާއިން ވަކިވެ މަންމަގެ ހިދުމަތުގައި ގޭގައި މަޑުކުރާށެވެ. ސުކޫލު ޓީޗަރެއްގެ ވަޒީފާގައި ހުރެފައި އޭނާ ވަކިވިއެއްކަމަކު ގޭގައި އަވަށްގަނޑު ކުދިންނަށް ޓިއުޝަން ދޭން ފެށިއެވެ. އަހަންނަކީ މަސްވެރިއެއްކަމަކު ރަށަކީ މަސްވެރިރަށެއް ނޫންވީމަ މާބޮޑު އާމްދަނީއެއް ރަށުގައި ހުރެގެން ނުލިބެއެވެ. އެދެމައިންގެ ޚަރަދުތައް ބެލެހެއްޓެނީ ކިރިޔާ އެވެ. މަސްނިމޭއިރު ފޮރުވާށޭ ކިޔާފައި އަތުގައި ލޯލާރިއެއް ވެސް ބާކީވެފައި ނޯވެ އެވެ. ކަންތައްތައް ހުރީ މިފަދަ ގޮތަކަށް ކަމަށްވިޔަސް ކައިވެންޏަށް ފަހު ނާޒިމާ ވަޒީފާއަށް ނުދިޔުންވީ އަހަރެން އެކަމަކާ ހިތްހަމަޖެހުނު ކަމަކަށެވެ. ނާޒިމާގެ ގެވެހިއުޅުމާ ރިވެތި އަޚުލާގުގެ ސަބަބުން އަހަރެންގެ ފުރިހަމަ އިތުބާރު އޭނާއަށް ދެވުނެވެ. ދިރިއުޅުމުގައި ކަތިފިޔަވަޅެއް ނާޒިމާ ނާޅާނޭކަން އަހަރެންގެ ޟަމީރު ޤަބޫލުކުރެ އެވެ.

އަހަންނާ ނާޒިމާގެ ކައިވެންޏަށް އަހަރުވާން އުޅެނިކޮށް ނާޒިމާގެ މަންމަ މާބޮޑަށް ބަލިވެގެން މާލެ ގެންދާން ޖެހުނެވެ. އަތުގައި މާގިނަ ފައިސާތަކެއް އެއްވެފައި ނެތުމުން އެކަމާ އަހަރެން ވަރަށް ކަންބޮޑުވި އެވެ. އެވަގުތު އެއަޑިގަނޑުން އަހަރެން ނަގައިދިނީ އީސަ ގޯތި އާދަނެވެ. އީސައަކީ ރަށުގައި އެންމެ ބޮޑު ވިޔަފާރިގެ ހިންގާ މީހާއެވެ. ދިރިއުޅުން ތަރައްޤީކޮށް ތަނަވަސްކަމުގައި އުޅެން ބޭނުންނުވާނީ ކާކު ހެއްޔެވެ. އަހަރެން ވެސް އަހަރެންގެ އަންހެނުންނަށް މީރުވަސް ދުވާ ސެންޓާ، ދެތިންގަނޑު ފޮއްޗާ، ހަތަރެސްފަޔަށް ރަންކެވެލި އަޅުވައި ރީތިގަހެއްހެން ހައްދާ ޖަރީކޮށްފައި ބަހައްޓަން ބޭނުމެވެ. ނުވިތާކަށް ރަށުގެ އެހެން މީހުންހެން އަހަރަކު ދެފަހަރު އަންހެނުން ގޮވައިގެން އިންޑިއާއަށް ނޫނީ ލަންކާއަށް ގޮސްލަން ބޭނުމެވެ. މި ހުވަފެންތައް ހަޤީޤަތަކަށް ވާންފެށީ އީސަގެ ދޯނިން ކަންނެއްޔަށް ދިއުމަށް އާދަނު އަހަންނަށް ފުރުޞަތު ދިނީމަ އެވެ.

މަސައްކަތުގައި ކަނޑަށް ނުކުމެއުޅޭތާ ދެހަފްތާތެރޭ އަހަރެންގެ ޖީބަށް ނަގުދުގެ ގޮތުގައި ތިރީސްހާސް ވަނެވެ. ދިރިއުޅުން ތަނަވަސްވިއެއްކަމަކު ނާޒިމާގެ މަންމަގެ ފުރާނަ ސަލާމަތެއް ނުކުރެވުނެވެ. ރާއްޖޭން ބޭރަށް ގެންދިއުމުގެ ކުރިން މާލޭގެ ހޮސްޕިޓަލެއްގައި އެންމެ ފަހުނޭވާ މައިދައިތަ ދޫކޮށްލީއެވެ. އޭނާގެ ދަރިފުޅަށް ހެޔޮކޮށް ހިތުމަށާ ކޮންމެ ހާލެއްގައި ވިޔަސް އަހަރުމެން ދެމަފިރިން އެކުގައި އުޅުމަށް ވަސިއްޔަތް ކުރަމުންނެވެ. އެވަގުތު ވެސް ސިކުނޑީގެ ކަނެއްގައި މީހަކު ފުއްޓަތްކެއް ޖަހާލިހެން މީހާ ހޭލައްވާލި ފަދަ އިޙުސާސެއް ކުރެވިގެން ދިޔައީ މައިދައިތަ އަހަރެންގެ ގާތުން، ނާޒިމާއަށް ރަނގަޅު އުޅުން ދަސްކޮށްދޭން ބުނީތީއެވެ. ނާޒިމާއަކީ ހުރިހާ ކަމެއް ފުރިހަމަ ވެފައި އިން ލާމަސީލު ނަމޫނާއެއް ފަދަ އަނތްބެކެވެ. ވީއިރު އިތުރަށް އެފަދަ އަނތްބަކަށް އަހަރެން ކިޔާދީ ބުނެދޭންޖެހޭވަރުގެ ކަމެއް އޮންނާނެ ހެއްޔެވެ.

ނާޒިމާއަށް ލިބުނު އެކަނިވެރިކަމުގެ ސަބަބުން މަހެއްހާ ދުވަހު އަހަރެންގެ ލޯބިވާ އަނބިމީހާގެ ހިތާމައިގައި ބައިވެރިވުމަށް ރަށުގައި ހުރީމެވެ. އެހުރި ދުވަސްތަކުގައި ގޭގެ ވަށައިފާރު ރޭނުމާ އިތުރުމަރާމާތުތައްކޮށް ގޭތެރެ ނާޒިމާއަށް ތަނަވަސްކޮށްދިނީމެވެ. އޭނާގެ މޫނުމަތިން ފެންނަ ހިނިތުންވުމަކީ އަހަރެންގެ ސަބަބުން އެތުންފަތަށްވެރިވާ ހިނިތުންވުމެއްކަން އެނގޭތީވެ އެކަމާ އަހަރެންގެ ހިތް އުފަލުން ފުމެނަގައެވެ. މަސްދުވަސް ފަހުން ކަންނެއްޔަށް ފުރައިގެން ދަމުން އެންމެ ފަހުން ކުރި މަސައްކަތަކީ ނާޒިމާއަށް ބޮޑު ދިގުމޭޒެއް ޖަހާދިނުމެވެ. ގިނަކުދިންނަށް ޓިއުޝަން ދޭން ފަސޭހަކޮށްދިނުމުގެ ބޭނުމުގަ އެވެ.

މެންދަމުގެ ވަގުތެއްގައި އަހަރެން ގެއިން ނުކުމެގެން ދިޔައީ ދޯންޏާ ދިމާލަށެވެ. އޭރުވެސް ސިކުނޑީގައި ހަރުލާފައި ހުރީ އަހަރެންގެ ލޯބިވާ އަނބިމީހާގެ ވާހަކަތަކެވެ. ފެންކަޅިވެފައި ދޮރުކަނީގައި ލެނގިލައިގެން ބަލަންހުރިއިރު އެދެލޮލުން ފެންނަމުން ދިޔަ ބޭގަރާރުކަމެވެ.

“ގާސިމް، ގިނަދުވަސްތަކެއް ނުކޮށް އަހަރެން ގާތަށް އަވަހަށް އަންނައްޗޭ، ގޭގައި އެކަކުވެސް ނެތީމަ މިހާރު އަދިވަކިން އަހަރެން އެކަނިވާނެ، ކަމެއްވިޔަސް އަޅާލާނޭ މީހަކު ނުހުންނާނެ ގާސިމު ނޫނީ… އެންމެ އުނދަގުލީ ގާސިމާނުލާ ރޭގަނޑު ނިދަން، އެކަނިވެރިކަން އެންމެ ބޮޑަށް އިޙްސާސް ވަނީ ވެސް ނިދާގަނޑީގައި، އެނގޭ ގާސިމު މަސައްކަތްތިކުރަނީ އަހަރުމެންގެ ދިރިއުޅުން ރަނގަޅުކުރުމަށްކަން، އަހަރެން އުފަލުގައި ބަހައްޓަންކަން…” މިއީ ނާޒިމާއާ ވަކިވެގެން ގޭން ނުކުތުމުގެ ކުރިން އޭނާ އަހަރެންގެ އަތުގައި ހިފާލައިގެން ހުރެ ދެއްކި ވާހަކައެވެ. އަހަރެން ވެސް ނާޒިމާއާ އެންމެ ހިނދުކޮޅަކަށް ވެސް ދުރުގައި ހުންނާކަށް ބޭނުމެއްނޫނެވެ. ނަމަވެސް އާމްދަނީ ލިބޭނޭ އެހެން ދޮރެއް އަހަންނަށް ހުޅުވެންދެން ކުރަމުން މިދާ މަސައްކަތް ދޫކޮށްލެވޭކަށް ނެތެވެ.

ދުނިޔެ އެނބުރެނީ ތޮށަލި ދުޅައަށޭ ބުނަނީ ހެޔޮކޮށެވެ. އަހަރެންގެ ދިރިއުޅުން ވެސް ބަދަލުވާކަށް ގިނަދުވަހެއް ނުނެގިއެވެ. ތިންމަސްކޮށްފައި ރަށަށް އައިސް ލޯބިވާ އަނބިމީހާ ގާތު ހަފްތާއެއްގަ ވެސް މަޑުކޮށްނުލެވުނެވެ. އަލުން ފުރަން ޖެހުނީއެވެ. މިފަހަރު ވެސް އެނބުރި ރަށަށް އާދެވުނީ އެހާ ދުވަސްކޮށްފައެވެ. ރަށުގައި ހިނގާ ކަންތައް އަހަންނަށް ނޭނގުނުކަމުގައި ވިޔަސް ނާޒިމާގެ ޚަބަރު ބެލޭތޯ އަހަރެން މަސައްކަތްކުރީމެވެ. ދެރައީ ކަނޑުމަތީގައި އުޅޭއިރު ކޮންމެ ކޮންމެ ގަޑިއަކު ފޯނަށް ރޭންޖު ނުލިބޭތީއެވެ. އެގޮތުގައި އެއްދުވަސް އެއްކޮށް ވެސް ވޭތުވެދާނެއެވެ. އަހަރެން ނެތްތަނުގައި އަހަރެންގެ ފޯނު ކޯލެއްހާ ހިސާބު ވެސް ނާޒިމާއަށް ނުލިބެންޏާ އޭނާ ކަންބޮޑުވާނޭވަރު އަހަންނަށް ވިސްނެއެވެ. އަހަރެން ގުޅާތޯ އިންތިޒާރުގައި އިންނާނެކަން އެނގެއެވެ. އަދި އަހަރެން ނުގުޅައިފިއްޔާ ނާޒިމާ އިސްވެ ގުޅާނެއެވެ. އަހަރެން ރަށަށް އެނބުރި އަންނަނީ ކޮންދުވަހަކުންތޯ އަބަދު ސުވާލުކުރާނެއެވެ.

ދިރިއުޅުމުގައި ދިމާވާ އެތައްކަމަކަށް ކެތްތެރިވާން އަހަރުމެން ޖެހެއެވެ. އަހަރެން ވެސް ހުރީ ނާޒިމާގެ ގާތަށް އެނބުރި ރަށަށް ދެވޭނެ ދުވަހެއްގެ އިންތިޒާރުގައެވެ. ލޯބިން ގެނެސް މިދެއަތުގެތެރެއަށް ނާޒިމާ ލެވޭނޭއިރަކަށް ބޭނުންވެފައެވެ. އެވަގުތު އައިސް ޖެހުނީ އެކަމަށް އަހަރެން އިންތިޒާރު ކުރަމުން ދިޔަތާ އެތަށް ދުވަހެއް ފަހުންނެވެ. ވާޓަރުމައްޗަށް ފުންމާލިގޮތަށް އަހަރެން އެހިސާބަށް އެއްވެފައި ތިބި މީހުންގެ މޫނަކަށް ކަނދުރާއަކަށް ނުބަލަމެވެ. ދެފަޔަށް ބާރުލަމުން ހަލުވިކޮށް ހިނގާލާފައި ގޭދޮށަށް ދިޔައީމެވެ.

“ގާސިމާ، ކޮންއިރަކު އައިސް ތިއުޅެނީ” ގެއަށް ވަންނަނިކޮށް މިސްކިތާ ދިމާލަށް ދިޔަ އަވަށްޓެރިއަކު އަހަންނަށް ގޮވާލާފައި އަހާލިއެވެ. އަހަރެން އަވަސް އަވަހަށް ޖަވާބު ދީފައި ގޯތިތެރެއަށް ވަދެގެންދިޔަ ގޮތުން މީހަކަށް ހީވާނީ އެވަގުތު އަހަރެން ހުރީ ބޮޑުގިފިލިކުރަން ބޭނުންވެފައި ހެންނެވެ. އެކަމަކު ހަޤީޤަތަކީ އެޔެއްނޫނެވެ. އަހަރެންގެ ކެތްތެރިކަން ކުޑަވެފައި ހުރީ އެހެންކަމަކަށެވެ. އާންމުކޮށް ހުޅުވާފައި ހުންނަ މައިގޭގެ ދޮރު ލައްޕާފައި ހުރިތަން ފެނުމުން އަހަރެން ހިތަށް އެރީ ނާޒިމާ އެކަނިވީމަ އިރުއޮއްސޭއިރަށް ގޭގެ ދޮރު ބަންދުކުރަނީ ކަމަށެވެ. އެހެންވެ ގޭތެރެއަށް ވަނުމަށް ދޮރުފަތް ހުޅުވާލަން ހިފާލާލުމާއެކު އެތެރެއަށް ކޮށްޕާލެވުނެވެ. ނަމަވެސް ދޮރެއް ނުހުޅުވުނެވެ. ގެއަށްވަންނައިރު ހުސްކޮށް އޮންނަ ބަޔަށް އަލިވާގޮތަށް މައިގޭގެ ބޭރު ފާރުގައި ހަރުކޮށްފައި ހުރި ބޮކި ވެސް ނުދިއްލާ ހުރިކަން ފާހަގަވީ ދެނެވެ. އަތުކުރީއޮތް ކަޅުކަމަރުލީ ފެންނުވަންނަ ގަޑިއަށް އަހަރެން އަވަހަށް ބަލާލިއެވެ.

ނާޒިމާ ގޭގައި ނެތީކަމަށް އެވާނީ، އެކަމަކު މިގަޑީގައި ކޮންތާކަށްބާ އެދިޔައީ” އަހަރެންގެ ހިތަށް އެރިއެވެ. ނާޒިމާ ހޯދަން އުޅުމަށްވުރެ އެވަގުތު އަހަރެންގެ ހިތާ ސިކުނޑިއަށް ވިސްނުނީ އޭނާ ދިޔަތަނަކުން އެނބުރި އަންނަންދެން ގޭގެ ފާރުބުރި މަތީ އިށީނދެލައިގެން އިންނާށެވެ. އެހެން އިންދާ ދުރުދުރުގައި ޖަހާފައި ހުރި ހޮޅިބުރިތަކުން މަގަށް ވެރިވެފައި އޮތް ފަނޑުއަލިކަމުގެ ތެރެއިން އަހަރެންގެ ނާޒިމާ އަންނަތަން ފެނުނެވެ. ފާރުމަތިން ފުންމާލުމާއެކު ދެއަތް ދެއަތާ ހާކާލެވުނެވެ. އަދި ތުންފަތަށް ލާނެތް ހިނިތުންވުމެއް ވެރިވެގެން ދިޔައީ މިރޭ އަހަރެން ނާޒިމާއަށް ކުރާނޭ ކަންކަން ހިތައް އެރުމުންނެވެ. ކައިރީގައި ނެތް ހުރިހާ ދުވަހަކަށް ވާވަރަށް އަނބިމީހާއަށް ލޯބިދޭން އަހަރެން ހުރީ ބޭނުންވެފައެވެ.

“ގާސިމު” ގޭދޮރުމައްޗަށް އެރި ނާޒިމާއަށް އަހަރެން ގޯތިތެރޭ މަޑުކޮށްލައިގެން ހުރިތަން ފެނުމުން ދެލޯ ބޮޑުކޮށްލަމުން ބުނެލިއެވެ.

“މިއައީނު، ބުނީމެންނު ދެން ގިނަދުވަހެއް ނުވާނެއޭ، އަންނަން އުޅޭ ވާހަކަ ބުނަން ނުގުޅުނީ އެހިސާބަށް ރޭންޖުނުލިބޭތީ، އެކަމަކު މިގޮތަށް ފެނުނީމަ މާއުފާވާނެކަން އަހަންނަށް އެނގޭ، ނާޒިމާގެ ތިމޫނުން އަހަންނަށް އެކަން ފެނިއްޖެ” ހައިރާންވެ އަންތަރީސްވެފައި ހުރި ފަދަ ގޮތަކަށް ނާޒިމާ ހުރެފައި ދަތްތައް ފެންނަވަރަށް ހިނިތުންވެލިއެވެ. އަހަންނަށް އުފަލުން ނާޒިމާ ގެނެސް ގަޔާ ކައިރިކޮށްލެވުނެވެ. އެހިނދު ހީވީ ނާޒިމާގެ ގަޔަށް ކަރަންޓުގެ އަސަރު ކުރިހެންނެވެ. އޭނާ ކުއްލިއަކަށް އަހަންނާ ދުރަށްޖެހިލިއެވެ. ނާޒިމާއަށް މިވީ ގޮތުން އަހަރެން ވަރަށް ހައިރާންވިއެވެ. އެހެންވެ ކިހިނެއްތޯ ވީ އަހާލެވުނީ ކަންބޮޑުވެފައި ހުރެއެވެ.

“ހާދަ ނުބައިވަހެކޭ ދުވަނީ، އިހަށް ދޭ ފެންވަރަން، ފެންވަރައިގެން ނުކުންނަން ވާއިރަށް ކާން ހަދާނަން” ނާޒިމާގެ މޫނު ކުނިކޮށްލަމުން މިހެންބުނެލުމުން އަހަރެންގެ ކައިރިއަށް ހިނިއައެވެ.

ނާޒިމާ ގޮވައިގެން ނިދާކޮޓަރިއަށް އަހަރެން ވަނީ ވަރަށް އަވަހަށެވެ. އަނބިމީހާއާއެކު އެކަނިވެލަން ބޭނުންވެފައި ހުރިވަރުންނެވެ. ދުވަސްތަކަކަށްފަހު ނަފްސަށް ހިތްހަމަޖެހުން ލިބުނު ކަހަލައެވެ. އަރާމު ތަންމަތީގައި އަހަންނަށް ނިދާލެވުނީ ކުޑަކުއްޖަކު ފަދައިންނެވެ. އަތްމަތީގައި އޮތް ނާޒިމާ އެއްފަރާތަށް ޖެހިލިހެން އަހަންނަށް ހީވިއެވެ. ނަމަވެސް އޭނާ ގާތުގައި އޮތްކަން އަހަންނަށް އެނގެއެވެ. އެހެންވެ ލޯހުޅުވާލުމެއްނެތި ނިދީގެ ފުންކަމުގެ ތެރެއަށް ކުރިއަށްވުރެ ބޮޑަށް ފީނައިގަތީމެވެ.

“ޓަކް ޓަކް” ފަންކާއިން ކިޔަމުންދިޔަ އަޑު އަހަރެންގެ ނިދި ހަލާކުކޮށްލިޔަކަ ނުދެމެވެ. ބިއްދޮށަށްއޮވެފައި މަގަތަށް އެނބުރިލަމުން ދަމާލިއަތުގައި ނާޒިމާއެއް ނުޖެހުނެވެ. ލޯހުޅުވާބަލާލެވުނީ އެހެންވެއެވެ. އެނދުގައި ނާޒިމާއެއް ނެތެވެ. ދެން ބަލާލެވުނީ ފާޚާނާއަށެވެ. ދޮރުހުރީ ލައްޕާފައެވެ. ކޮޓަރީގައި ހުރި ފަސްވޯޓުގެ ފަނޑުއަލިކަމުގައި އަހަރެން އަނެއްކާވެސް ބާލީހުގެ ތެރޭ މޫނު ފޮރުވާލަމުން ދެލޯ މަރާލީމެވެ. ގިނައިރެއްނުވެ ފާޚާނާއިން ނުކުމެގެން ނާޒިމާ އައިސް އެނދަށް އަރާފާނެކަމުގައި ހީކޮށްގެން އޮވެއެވެ. އަނެއްކާ ވެސް އިރުކޮޅަކަށް ނިދިޖެހިލާފައި އަހަންނަށް ލޯހުޅުވާލެވުނީ އެނދުމަތި ފަޅުކަން އިޙްސާސް ކުރެވިގެންނެވެ. ސިހުން ލިބިގެން ދިޔައީ ދެނެވެ. އަވަސް އަވަހަށް ބާލީސް ދަށުގައި އޮތް ފޯނު ނަގާ ގަޑިބަލާލީމެވެ. އޭރު މެންދަމުންއަލިވެ ތިނެއްޖަހަނީއެވެ. ފުންމައިގެން ތެދުވުމާއެކު އައިގޮތަށް އައިސް ފާޚާނާގެ ދޮރުހުޅުވާލީމެވެ. ދެލޯކަނުކުރީ ވަށައިގެންވި އަނދިރިކަމެވެ. ފާޚާނާގެ ބޮކި ނުޖައްސާހުރިކަން އެނގުނީ ދެނެވެ. ނާޒިމާ އެގަޑީގައި ބޭރަށް ނުކުންނަން ޖެހުނު ސަބަބެއް އަހަންކަށް އެއްގޮތަކަށް ވެސް ނުވިސްނުނެވެ. އަހަންނަކީ ކަނޑުމައްޗަށް ގަދަމީހަކަސް ރޫހާނީ ބާރުތައްދެކެ ނިކަން ބިރުގަންނަ މީހެކެވެ. އެކަން ނާޒިމާއަށް އެނގޭނެއެވެ. އެފަދަ ކަންކަން ޤަބޫލުކުރެވޭލެއް ވެސް ފަސޭހައީއެވެ. ބައެއްކަންތައްތައް ލޮލުން ފެނިފައި ވެސް ހުރީމައެވެ. ބަދިގެ އާއި ކާގެ މައިގެޔާ ގުޅުވާލީ ވެސް އެހެންވެއެވެ. ރޭގަނޑުގަޑީ ގޯތިތެރޭގައި ހައްދާފައި ހުންނަ ގަސްތަކު ދޮށުން ހިނގަން ބޭނުންނުވާތީއެވެ. އަހަރެން ކޮޓަރިން ނުކުމެ ދެކޮޅު ހޯދާލީމެވެ. ނާޒިމާގެ ހިލަމެއް ނުވިއެވެ. ހިތްބިރުގަންނަން ފެށީ ދެނެވެ. އަވަސް އަވަހަށް ގޭގެ ހުރިހާ ބޮތްކެއް ދިއްލާ މުޅި ގެ އަލިކޮށްލައިފީމެވެ. އެހެންނަމަވެސް ނާޒިމާގެ ހިލަމެއް ގޭތެރެއަކުން ނުވިއެވެ. އެންމެ ފަހުން ހަދާނެގޮތެއް ނޭނގިގެން ޓޯޗު އޮތްތަނެއް ހޯދުމަށްފަހު އެހިފައިގެން ގޯތިތެރެއަށް އަހަރެން ނުކުމެއްޖައީމެވެ. އަނދިރީގެ ތެރެއަށް ލޯހޭނުމަށް ތަންމިނަށް ދެލޯ ހުޅުވައިގެން ވަށައިގެން ބަލަމުން ދިޔައީމެވެ. ގޭގެ ބިއްދޮށުގައި ހުރި ގިފިއްޔާ ދިމާލަށް ދާން ހިތަށް އަރާފަ ވެސް އެކަން ކުރާކަށް އަހަންނަކަށް ނުކެރުނެވެ. ކެޔޮގަސްތަކާ ބޮޑު ކުންނާރުގަހުގެ އިތުރުން ފޭރުގަސްވެސް ހުރީ އެދިމާލުގައެވެ. އެނބުރި އައިސް ގޭތެރެއަށް ވަނުމާއެކު އަހަރެން ވިސްނަންފެށީމެވެ. ނާޒިމާ ކުދިންނަށް ޓިއުޝަންދޭ މޭޒުދޮށުގައި އިށީނދެ އިނދެގެންނެވެ.

އަހަރެންގެ އަތުގައި އޮތް ފޯނަށް ބަލާލީމެވެ. އޭރު ފަތިހު ފަހެއް ޖަހައިފިއެވެ. ގިނައިރެއްނުވެ އަލިވެދާނެކަމުގެ އުންމީދުގައި އަހަރެން ގޭތެރޭ ދެކޮޅަށް ހިނގާލަ ހިނގާލަ ހުރީ އަލިވުމުން ނާޒިމާ ހޯދަން ރަށުތެރެއަށް ނުކުންނާށެވެ. ނަމަވެސް ފަސްގަނޑި ފަނަރަކަން ހާއިރު ބަދިގޭގައި ހުރި ފުރިޖުން ފެންފުޅިއެއްނަގައި ގެން އަނގަޔަށް އޮއްސަން ހުއްޓާ ގިފިލީ ވަޅަށް ދާނި ވައްޓާލި އަޑުކަންފަތުގައި ޖެހުނެވެ. އަތުގައި އޮތް ފެންފުޅި ދޫވެގެން ނުވެއްޓުނީ ކިރިޔާއެވެ. އަހަރެންގެ ހުރިހާ ސަމާލުކަމެއް އެއަޑަށް ދިނީމެވެ. ކޮންމެވެސް މީހަކު ގިފިއްޔަށް ވަދެއްޖެކަން އަހަންނަށް ޔަޤީންވިއެވެ. އެމީހަކު ދާނިން ފެންނަގާ އަޅަމުންދާ އަޑު އަހަންނަށް ސާފުކޮށް އިވެއެވެ. ހާސްވެފައި ބަދިގޭ ދޮރުމަތީ މަޑުކޮށްލައިގެން ހުއްޓާ ގޭގެ ބިއްދޮށަށް ހުރި ދޮރުން ވަދެގެން އައީ ނާޒިމާއެވެ. ހުރީ ތެމިފޯވެފައެވެ. އޭނާ އައިގޮތަށް އައިސް ކޮޓަރިއަށް ވަނެވެ. އަހަރެން ފެނުނުހެން ވެސް ހީނުވެއެވެ. ނާޒިމާގެ ފަހަތުން އަހަރެން ވެސް ކޮޓަރިއަށް ވަނީމެވެ. އަހަންނަށް ލިބުނީ ހައިރާންކަމެވެ. ނާޒިމާ ފާޚާނާއަށް ވަދެފައި ތެތްއެއްޗެހި ބާލާފައި އައިސް އެނދުގައި އޮށޯވެ ދެލޯ މަރައިފިއެވެ. ބުނާނެ އެއްޗެއް ނޭނގިފައި އަހަންނަށް ބަލަން ހުރެވުނީއެވެ. އިތުރަށް ލޮލަށް ނިންޖެއް ވެސް ނައެވެ. ކޮޓަރީގައި ހުރި ޕްލާސްޓިކު ގޮނޑީގައި އިށީނދެވުނުގޮތަށް އަހަންނަށް ބެލެނީ ނާޒިމާއަށެވެ.

“އޭތް! ކިހިނެއްވެފައި ތިއިންނަނީ، ރޭގައި ނުނިދާ ރެއަކީތަ؟” އާދައިގެ މަތިން ހެނދުނު ނާޒީމާ ތެދުވާގަނޑީގައި ތެދުވިއިރު އަހަރެން އިންގޮތް ފެނިފައި އޭނާ ބުންޏެވެ. އިރުކޮޅަކު އެއްޗެއް ނުބުނެ އިނދެފައި އަހަރެން ތެދުވެގެން ނުކުތީ ގޯތި ތެރެއަށެވެ.

ފޭރާގެ ކައިރިއަށް އަޅާލާފައި އޮތް ކާށިތަކުން ބައެއް ހެހެންހުއްޓާ ނާޒިމާ އައީ ހެނދުނުގެ ސައިތައްޔާރު ކުރި ވާހަކަ ބުނާށެވެ. ދެން ވެސް އަނގައިން ނުބުނެ “ހޫން!” ލައްވާލާފައި ހެހުނު ކާށިކޮޅު ހިފައިގެން ގޭތެރެއަށް ވަނީމެވެ. ހުޅުވާލާފައި ހުރި ކުޑަދޮރުތަކުން ބަދިގޭގެ ބަޔަކަށް އޭރު އަވިއަރާފައި އޮތެވެ. ނާޒިމާ ކާމޭޒުމަތިން މެހިފައްސަން އުޅެއެވެ.

“ނާޒިމާ، ރޭދަންވަރު ދިޔައީ ކޮންތާކަށްތަ؟” އަހަރެން ކާންފެށިއެއްކަމަކު ކުރިއަށްދާގޮތެއްނުވިއެވެ. އެހެންވެ ހިތުގައި އޮތް ސުވާލު ނާޒިމާއާ ކުރީމެވެ.

“ގާސިމު ކީކޭތަ ތިކިޔަނީ، ރޭގަ ގާސިމުއާއެކީއެއް ނޫންތަ އަހަރެން އޮށޯތީ” ނާޒިމާ މޫނުމަތީގެ ކުލަބަދަލުވިތަން އަހަންނަށް ފެނުނެވެ.

“ފާޚާނާގައި ހުރި ތެތްއެއްޗެހި އެއީ ނާޒިމާ ރޭގައި ލައިގެން ބޭރަށްދިޔަ އެއްޗިއްސެއްނޫންތަ، އަހަންނަށް ހޭލެވުނުއިރު ނާޒިމާއެއްނެތޭ، ފަތިސްވަނިކޮށް ގިފިއްޔަށްވަނީ ނާޒިމާ ދޯ، ދެން ސަމާސާނުކޮށް ދިޔަތަނެއް ބުނެބަލަ” އަހަރެން ބޭނުންވީ ހަޤީޤަތް އެނގޭށެވެ. ނަމަވެސް ނާޒިމާ ބުނަމުންދިޔައީ އޭނާ އެރޭ އެއްވެސް ތަނަކަށް ނުދާކަމެވެ. އަހަރެން އިތުރަށް ކަންބޮޑުވީ އެހެންވެއެވެ. ނިދީގައި މީހުން ގޮސް އެކިއެކި ކަންތައްކުރާ ވާހަކަ އަހަރެން އަޑުއަހަމެވެ. އަނެއްކާ ނާޒިމާއަށް ވެސް އެވަނީ އެހެންބާއެވެ. ބައެއްމީހުން ބުނާގޮތުގައި އެހެންއެވަނީ ޖިންނި ގޮވާތީއެވެ. އޭތި އެމީހުން ގެންދަނީއެވެ.

ޖެހިގެން އައިރޭ އަހަންނަކަށް ނުނިދުނެވެ. ނާޒިމާ ވެސް އުޅެނީ ވަރަށް ނިދިމަޑުކޮށެވެ. އޭނަ ދޭތެރެއަކުން ތެދުވެ ފާޚާނާއަށް ވަދެފައި އައިސް އޮށޯވެއެވެ. އެކަމަކު ބޭރަކަށް ނުނިކުތެވެ. ނަސީބެކޭ އަހަރެންގެ ހިތަށްއެރިއެވެ. ނާޒިމާއަށް ކަމެއްވެއްޖެނަމަ އަހަރެން އުޅޭނީ ކިހިނެއްހެއްޔެވެ. އަނެއްކޮޅުން އަހަރެން ބިރުންގޮސް ވެސް އަވަދިވެދާނެއެވެ. ބޮޑުކަމެއްވިޔަސް ކިޔާލަން އެނގެނީ “ކުރުސި” އެކަނިވިއްޔާއެވެ. މިކަމަކާ ހުރެ އަހަރެންގެ ރޭގަނޑުގެ ނިދި ގެއްލި ދުވާލު ކަންނެތްވާންފެށިއެވެ. މިގޮތަށް ދެރެއަކު ހޭދަވުމަށްފަހު ތިންވަނައަށްވީ ރޭ އަހަންނަށް ހިލަމެއްވީ ނާޒިމާ ކޮޓަރިންނުކުންނަނިކޮށެވެ. ހިންދިރުވާލާފައި އަހަރެން ތެދުވެ ކޮޅަށް ޖެހުނީމެވެ. އަވަހަށް ހަރުގަނޑުމައްޗަށް އެއްލާފައި އޮތް ގަންޖުފަރާސް ގަޔަށް ހެޔޮވަރުކޮށްލަމުން ނާޒިމާގެ ފަހަތުން އަހަރެން ދިޔައީމެވެ. ސިއްރުން ފާރަލަމުން އަހަރެން ދިޔައެއްކަމަކު ނާޒިމާއަށްވުރެ ގިނައިން އަހަރެންގެ ނަޒަރު ވަށައިގެންވި އެކި ދިމަދިމާލަށް ހުއްޓެމުން ދިޔަލެއް ގިނައެވެ. ހާސްވެ ހިތަށް ބިރުވެރިކަން ވަދެފައި ހުރިވަރުން މީހާ ދާހިތްލާ ފޯވަމުންދިޔައެވެ. ނާޒިމާ ހިނގަމުންހިނގަމުން ދިޔައީ ތުނޑިއާ ދިމާލަށެވެ. އިތުރަށް އޭނާ ދާތަނެއް ބަލާނެހާ ހިތްވަރެއް އަހަރެންގެ ނެތެވެ. އޭރު އަހަރެން ހުރީ ނާޒިމާއާ ދިހަވަރަކަށް ފޫޓު ފަހަތުގައެވެ. ހާމަ ތުނޑިއަށް ނުކުމެވުމާއެކު އަހަރެން ދުއްވައިގަތީމެވެ.

“ނާޒިމާ، ނާޒިމާ” ނާޒިމާއަށް ގޮވަމުން އޭނާގެ ގާތަށް ދާންވާއިރަށް އޭނާ ކުއްލިއަކަށް އެނބުރުނީ މޫދާ ދިމާލަށެވެ. އަހަރެންގެ އަޑު އޭނާގެ ކަންފަތަށް ނީވޭ ކަހަލައެވެ. ހަރަކާތެއްވެސް ގެނެސްނުލާ ހުރެ މޫދަށް އެރެމުން ގޮސް އުނަގަނޑާ ހަމައަށް އެރިފައި ހުއްޓާ އަހަންނަށް ގޮސް ނާޒިމާގެ ގައިގާ އަތްލެވުނެވެ. އެއާއެކު ވަގުތުން ނާޒިމާގެ ޚަބަރު ހުސްވެގެން ވެއްޓިއްޖެއެވެ. އަތްދަނޑިމަތީ ނާޒިމާ ގެނެސް ތުނޑީގައި ބާއްވާލަމުން މޫނުގައި މަޑުމަޑުން ޖަހާލީމެވެ. ހަދާނޭގޮތް ނޭނގިފައި އިރުކޮޅަކު އިންދާ ނާޒިމާއަށް ހޭވެރިކަން ވިއެވެ. އޭނާ ހޭއެރުމާއެކު ހައިރާންވެފައި އަހަންނަށް ބަލާލިއެވެ. އަދި ދެންފެށީ ރޯށެވެ. އެހިސާބުން މިއީ ރަނގަޅުކަމެއްނޫނޭ އަހަރެންގެ ހިތްބުނަން ފެށިއެވެ. ނާޒިމާ ހަމައަކަށް އެޅުވުނީ ވަރަށް އިރުންނެވެ. އެކަމާ އަހަރެން މާގިނަ ސުވާލެއް ނާޒިމާއަކާ ނުކުރަމެވެ. ކުރިޔަސް އޭނާއަށް ޖަވާބުދޭން ނެނގޭތީއެވެ.

އެރެއަށްފަހު އަނެއްކާވެސް ދެތިންރެއެއް މެދުކެނޑިފައި އަހަންނަށް އަނެއްކާ ވެސް ހޭލެވުނީ ނާޒިމާ ތެދުވުމުންނެވެ. އެރޭ އަހަންނަށް އޮތީ ރަނގަޅަށް ނުނިދިއެވެ. ނާޒިމާގެ ފިކުރުގައި ކަންބޮޑުވެފައެވެ. އެރޭ ވެސް އަހަރެން ނާޒިމާ ހުއްޓުވީ މޫދަށް އެރެން އުޅެނިކޮށެވެ. މިކަމާ ހަދާނެގޮތް ހުސްވެ ސިކުނޑި ސުމަކަށް ދިއުމުން އަހަރެން ރަށުގައި ހުރި ކަންވެރިއެއްގެ ގާތަށް ދިޔައީމެވެ. އޭނާއަކީ ރޫހާނީ ބާރެއް އުޅޭކަމުގައިވާނަމަ އެކަން އެންމެ މޮޅަށް ދެނެގަންނަ މީހެކެވެ. ރަށުގައި ވެސް ހުރި އެކަމަށް އެންމެ މޮޅުމީހާއެވެ.

“ގާސިމާ، ކަލެއާ ހެދި އަހަރެން ލަދުން މަރުވާވަރުވެއްޖެ” އަހަރެން އުސްމާނުގެ ގާތުގައި ގޮސް ނާޒިމާގެ ވާހަކަތައް ކިޔައިދިނުމުން އިރުކޮޅަކު ވިސްނާލަން ހިމޭނުން އިނދެވެފައި ކުއްލިއަކަށް ބުނެލިއެވެ. އޭނާ އެހެން ބުނުމުން އަހަރެން ވަރަށް ހައިރާންވިއެވެ. މިނޫނީ އަދި އުސްމާނުގެ ގާތަށް ކަމަކު ނާންނަމެވެ. އަހަރެން އޭނާ ބުނި އެއްޗަކަށް އަޅައެއްނުލަމެވެ. އަނެއްކާ ވެސް އެދުނީ ނާޒިމާއަށް މިދިމާވާ ކަންތައްގަނޑުން ސަލާމަތްވާނެ ގޮތެއް އޮތްތޯ ބަލައިދިނުމަށެވެ. އެއާއެކު އޭނާ ފެށީ ބާރަށް ހޭށެވެ. އަދި މަޑުމަޑުން އަހަރެންގެ ކޮނޑުގައި ޖަހާލާފައި ވާހަކަދައްކަން ފެށިއެވެ.

“އެއްކަމެއް ވެސް އަދި ކުރާނެކަމެއްނެތް، ގާސިމުގެ ތިދުޅާގޮތް ކަނޑާލާފައި ނިކަން އެއްރޭ އޭނާ ހަދާގޮތެއް ބަލަން ދުރުގައި ހުރެބަލަ، ފާރަލަމުން ދާންވާނީ އޭނާއަށް ގާސިމު ފާރަލާކަން ނޭނގޭހާ ދުރުމިނުގައި، މޫދަ އެރެންޏާ، އެރެން ދޫކޮށްލާ، ހަމަގައިމުވެސް އޭނާ އަމިއްލައަކަށް މަރެއްނުވާނެ، އެކަމަކު އޭނާ މޫދަށް އެރެފިއްޔާ ގާސިމު ވެސް ވާނެ އޭނާ ފަހަތުން މޫދަށް ވެސް އެރެން، ކެރޭނެތަ” އުސްމާނު މިފަހަރު އަހަންނާ ވާހަކަދެއްކީ ވަރަށް ސީރިއަސްވެފައެވެ. އަހަންނަށް ވިސްނާލެވުނީ ނާޒިމާގެ ހާލާމެދުއެވެ. ކޮންމެ ގޮތަކުން ވެސް އަހަރެންގެ ލޯބިވާ އަނބިމީހާ ސަލާމަތްކުރަން އަހަރެން ބޭނުމެވެ. ނާޒިމާއަށް އެހީތެރިވާންވީ ވަގުތު ޖެހުމުން އަހަރެން ބޮޑު ފިނޑިއަކަށްވެއްޖެ ނަމަ އަހަންނަށް ނާޒިމާގެ މައްޗަށް އޮންނަ ފިރިއެއްގެ ވާޖިބު އަދާނުކުރެވުނީއެވެ. އެފަދަ ފިރިއަކަށް ވާކަށް ބޭނުމެއްނޫނެވެ. ނިކަން އަވަސް އަވަހަށް އަހަރެން ބޯޖަހާލަމުން އުސްމާނު ބުނި ގޮތަށް ކަންތައްކޮށްފާނަމޭ ބުނީމެވެ.

“މަމިބުނި ގޮތަށް ކަންތައްކޮށްފިއްޔާ މުޖައްރިބު، އޭރުން ގާސިމަށް ރޭފަނާއަރާދާނެ” އުސްމާނު މިހެން ބުނެފައި އަހަރެން ގެއަށް ފޮނުވާލިއެވެ. ހަށިރައްކަލަށް ކޮށްލާނޭކަމެއް ވެސް އޭނާ ބުނެއެއްނުދިނެވެ. މާޔޫސްވެ އޭނާގެ ގާތަށް ދެވުނު މޮޔަ ހިތަށްއެރިއެއްކަމަކު އުސްމާނު ބުނިގޮތަށް ކަންތައްކުރަން އަހަރެން ބޭނުންވިއެވެ.

އަނެއްކާ ވެސް ދެތިން ރޭފަހުން ނާޒިމާ ތެދުވާގަނޑީގައި ތެދުވެއްޖެއެވެ. ބިރުކަނޑާލާފައި ކަށިން ހިތްވަރުން ނެރެމުން އަނދިރީގެ ތެރޭގައި ނާޒިމާގެ ބޯކޮޅުބަލަމުން އަހަރެން ދިޔައީމެވެ. އުސްމާނު ބުނިހެން މިފަހަރު އަހަރެން ނާޒިމާއަކަށް ގޮވައެއްނުލަމެވެ. އޭނާ މޫދަށް އެރެންދެން ދުރުގައި ބަލަހައްޓައިގެން ހުރެފައި އަހަރެން ވެސް އޭނާގެ ފަހަތުން އައިސް މޫދަށް އެރެފީމެވެ. މަޑުމަޑުން ލޮނުގަނޑުގެތެރެއިން ބޯހިއްލައިލައިގެން އޮވެ ނާޒިމާ ކަންތައްކުރާގޮތެއް ބެލީމެވެ. އުނަގަނޑަށްވުރެ ބޮޑަށް މޫދަށް އެރި ހުރި ނާޒިމާ ދެކޮޅު ހޯދާލާފައި ބަޑިއެއްޖެހިހެން އަޑިއަށް ފީނައިގަތެވެ. އޭނާގެ ފަހަތުން އަހަރެން ވެސް ފީނައިގަތީމެވެ. ނާޒިމާ ފަތާފައި އައިސް އެރީ ތުނޑީގެ އުތުރު ފަރާތުގައި ރަށާކައިރިން ވަކިން ހިކިފައި އޮތް ފިނޮޅަށެވެ. އޭރު ފިނޮޅަށް ބޮއްކުރައެއް އަރުވާފައި އޮތެވެ. އެތަނަކީ ދުވާލުގަނޑީގައި ރަށުގެ ވަރަށްގިނަ މީހުން ދަތުރު އަންނަ ތަނެކެވެ. ނަމަވެސް މިހިމޭންދަންވަރު ނާޒިމާ އެތަނަށް އަންނަންވީ ކީއްވެބާއޭ އަހަރެންގެ ހިތުގައި ސުވާލު އުފެދުނެވެ. ރާޅުޖަހާހިސާބަށްވުރެ ދުރުގައި އަހަރެން އޮއްވާ ނާޒިމާ ފިނޮޅަށް އަރައިގެން ދިޔައެވެ. ބޮއްކުރާ ތެރެއިން އިންސިއެއްގެ ސޫރަ އަހަންނަށް ފެނުނީ ދެނެވެ. ނަމަވެސް ހިތުގައި އެއީ އިންސިއަކާމެދު ސުވާލު އުފެދުނެވެ. ދެން ފެނުނު މަންޒަރުން އަހަރެންގެ ދެލޯ ބޮޑުވެ ހިތްހުއްޓުނު ކަހަލައެވެ. އަހަރެން ނާޒިމާ ގޮސް އެވަނީ އެތާހުރި މީހާގެ އަތުގެތެރެއަށެވެ. އެއްގަމަށް އެރި ވެލައެއްހެން ފަސްގަނޑުގައި ދެމެމުން ކަހަލަ ގޮތަކަށް އަހަރެން އެއްގަމަށް އެރީ ވަރަށް ސިއްރުންނެވެ. އެދެމީހުންނަށް ހިލަމެއް ވާން ބޭނުންނުވާތީއެވެ. އެކަމަކު އެއީ ރޫހާނީ ބާރެއްނަމަ ނޭނގިއެއްނުދާނެކަން އެނގިހުރެއެވެ. ހިތްވަރަކަށްވީ އުސްމާނު އަހަންނާދިމާލަށް ބުނެލި މަލާމާތުގެ ބަސްތަކެވެ. އަހަންނަކީ ފިނޑިއެއްނޫނެވެ. ދެމެމުންގޮސް ބޮއްކުރާ ދޮށަށް ބީއްސައިލައިފީމެވެ. އަހަރެންގެ ދެވަނައެއްނުވާ ލޯބިވާ އަނބިމީހާގެ އަޑު އެއްވެސް ހުރައެއްނެތި އަހަރެންގެ ކަންފަތަށް އިވިގެން ދިޔައެވެ.

“ހަމީދު، އަހަންނަށް ފެންނަނީ އަހަރުމެންގެ ބައްދަލުކުރުން އެހެން ދިމާލަކަށް ބަދަލުކޮށްލަން” ނާޒިމާ ބުންޏެވެ. އެހިނދު އެމީހެއްގެ އުނގަށް ވަދެއިން މީހާ ވާހަކަދެއްކީ ފިރިހެން އަޑަކުންނެވެ. ސާފު ދިވެހިބަހުންނެވެ. އެއީ ޖިންނިއެއްނޫނެވެ. ފުރިހަމަ އިންސާނެކެވެ. އެދެމީހުންނަށް އަހަރެން ބޮއްކުރާގެ އަނެއްފަރާތުގައި އޮތްކަމެއް ރެއަކާ ނުލައެވެ.

“ކިހިނެއްވީ، ކިހާ މަޖާތަ މިތަން، ނޫނީ އަހަރެންމަތިން މިހާރު ފޫހިވީތަ، ނޫނީ ގާސިމަށް އަހަރުމެން ދެމީހުންގެ ގުޅުން އެނގުނީތަ” ހަމީދު ބުނިއަޑުއިވުނެވެ. އަހަރެން ވަގުތުން ރަތަށްއެރިއެވެ. އެހެންނަމަވެސް އެދެމީހުން ދައްކާ ވާހަކަ އަޑުއަހަން އަހަރެން ބޭނުމެވެ.

“ހަމީދު ރަށަށް އައިސްފިއްޔާ އަހަންނަށް ހަމީދާ ދުރުގައި ނުހުރެވޭނެކަން އެނގެއެންނު، އެހެންނޫނަސް ގާސިމަށް އެކައްޗެއް ވެސް ނޭނގޭނެ، އެއަށްވުރެ އަހަރެން މާ ހުޝިޔާރުވާނެ، ދެތިންރޭ މިބައްދަލުވުން މެދުކަނޑާލަން ޖެހެނީ އެހެންވެ، އޭނާ ހީކުރަނީ އަހަންނަށް ޖިންނި ފަރާތުގެ ކަމެއް ދިމާވެގެން އުޅެނީކަމަށް، އެއީ ބޮޑު ފިނޑިއެއް، އަހަރެން ވެސް އޭނާ ބިރުގަންނަވަން ވެގެން އެހެން ހެދިގެން އުޅެނީ، ފަހަތުން އައީމާ ނޭނގޭ ކަމަށް ހަދާފައި ގޮސް މޫދަށް އެރުނީ ދެން އިތުރަށް ފަހަތުން ނާންނާނޭ ކަމަށް ހީކޮށް، އެކަމަކު އައިސް އަހަރެން ހިފަހައްޓަން އުޅުނީމަ އަނބުރައިގަންނަކަމަށް ހެދީ، އެހެން އޮވެއޮވެފައި ލޯހުޅުވާލީމާ ގާސިމު އަހަންނާ ސުވާލުކުރަންފެށީ، އެސުވާލުތަކަށް ޖަވާބުދޭން ބޭނުންނުވާތީ އަހަރެން ފެށީ ރޯން، ގާސިމަކަށް އަހަރެން ރޯތަން ދެކޭކަށް ކެތެއްނުވާނެ، ދެން އޭނާ އިތުރު ސުވާލެއް ނުކުރޭ އަހަންނަކާ…. ހެ ހެ ހެ…” ނާޒިމާގެ ވާހަކައަށްފަހު އޭނާ ޖަހާލި ހިނިގަނޑުވީ އަހަންނަށްކޮށްލި މަލާމާތަކަށެވެ.

“ގާސިމު އެއީ މޮޔައެއް، އެކަމަކު ބުނަން، އަހަރެންގެ ހިތަށް ހާދަ އަސަރެއްކުރެޔޭ ނާޒިމާ އެގާސިމުއާއެއްކޮށް އުޅޭތަން ފެންނާތީ، އަހަންނާ އިންނަންވީނު، އިނދެގެން މާލެ ދާނީ، މާލޭގައި އަހަރެންގެ މަންމަމެން ގާތު ހުރެވޭނެ، މިހެން ވަގަށް ބައްދަލުކުރާތާ ކިހާ ދުވަހެއް… އަހަންނަށް ދެން ނާޒިމާއާ ދުރުގައެއްނުހުރެވޭނެ” ހަމީދު މިހެން ބުނެ ކުރިއަށްވުރެ ނާޒިމާ އޭނާގެ އަތުގެތެރެއަށް ގެނެސް ގާތްކޮށްލިތަން އަހަންނަށް ފެނުނެވެ. ދަތްކުނޑިވިކާލެވުމާއެކު ހަމީދުގެ ގައިން ހަންދަމާލަން އަހަރެން ބޭނުންވިއެވެ. އެކަމަކު އެއަށްވުރެ ނާޒިމާ ކަންތައްކުރި ގޮތުން އަހަރެންގެ ހިތަށް ލިބުނު ވޭން ގަދައެވެ. އަހަރެންގެ ލޯކުރިމަތީ އަނބިމީހާ ހިލޭ ފިރިހެނަކާއެކު ކޮށްގެން ނުވާނޭ އެތައްކަމެއް ކުރުމަށް ތައްޔާރުވެލިއެވެ. އިތުރަށް އެތަނުގައި ހުންނާކަށް އަހަރެން ބޭނުމެއްނޫނެވެ. މައިދައިތަ މަރުވަމުން އަހަންނަށް ކުރި ވަސިއްޔަތު ހަނދާންވީ ދެނެވެ. މަޔަކު އޭނާގެ ދަރިއަށް ރަނގަޅު ގޮތް ބުނެދިނުމަށް އެދޭނީ އޭނާގެ ދަރިފުޅުގެ އުޅުމާމެދު ކަންބޮޑުވާތީއެވެ. އިތުރަށް ސިއްރުން އުޅޭކަށް އަހަރެން ނުހަދަމެވެ. ބޮއްކުރާދޮށުގައި ބަނޑުޖަހައިގެން އޮވެފައި އަހަރެން ތެދުވީމެވެ. އަދި އެމީހުންނަށް ފުރަގަސްދެމުން މޫދާ ދިމާލަށް ހިނގައިގަންނަން އުޅުނު ވަގުތު އެދެމީހުން ފަސްއެނބުރި ބަލާލިއެވެ. އަނދިރީގެ ތެރެއިން އަހަރެން ވަކިކުރަން އެދެމީހުންނަށް ނޭނގުނަސް އަހަރެން ފެނުނީތީ އެދެމީހުން ސިހުނެވެ. އަދި ވަގުތުން ދެމީހުންގެ ހަށިގަނޑު އެކަކު އަނެކަކާ ދުރުކޮށްލިއެވެ. އަހަރެން އިރުކޮޅަކު ބަލަންހުރެފައި ބާރަށް ހިނގައިފައި އައިސް މޫދަށް އެރުނީއެވެ. އުސްމާނު ބުނީ ތެދެކެވެ. އަހަރެންވާ ރޭފަނާ އަރައްޖެވެ. އިތުރަށް ދެން އެނގެންޖެހޭ ކަމެއް ނެތެވެ. ކުރި އިތުބާރާ ވީލޯބި ކުޑަހިނދުކޮޅެއްގެ ތެރޭ ބަދަލުވެއްޖެއެވެ. ފޫހިވެ ރުޅި އައުމުގެ އިތުރުން ނާޒިމާއަށް އަހަންނަށް ނަފުރަތު ކުރެވިއްޖެއެވެ. އަންހެނުންދެކެ ފޫހިވެއްޖެއެވެ. އެމީހުންނަކީ ކެހިވެރި ބައެއްކަމުގައި ނިންމަން ޖެހުނީ އެހެންވެއެވެ. އޮޅުވާލިޔަސް އެމީހުންނާ އެއްވަރަށް އެކަން ކުރުމުގެ ކުޅަދާނަކަން އެހެންބަޔަކަށް ނުލިބޭނެއެވެ. (ނިމުނީ)

Leave a Comment

Your email address will not be published. Required fields are marked *