LOABIVAATHEE UFAA DHEYNAMEY [EP-15]

“ބައްޕަ އަޅުގަނޑުގެ ޚިޔާލެއް ނުހޯދާ ހުރިހާ ކަމެއް ނިންމީތަ؟ އެހެންވެއްޖެއްޔާ ތި ވާހަކަތައް ދެއްކުމުގެ ބޭނުމަކީ ކޮބާ؟” ޒޫރިން ކުއްލިއަކަށް ތެދުވިއެވެ.

“ނޫން! ނޫން! ފަހަރެއްގައި ވެސް އަދި ގޮތެއް ނުނިންމަން. ބައްޕަ އާއި މަންމަ ވެސް ގޮތް ނިންމުމަށް ދޫކޮށްލީ ރީންގެ އަތްމައްޗަށް. އީތަންއާ ގުޅެން ނިންމާނީ ވެސް ދަރިފުޅު އަދި އެކަމުން މަނާވެ ގަންނާނީ ވެސް ދަރިފުޅު. ކޮންމެ ގޮތެއް ވެސް ބައްޕަމެން ޤަބޫލުކުރާނަން. އެކަމަކު ދަރިފުޅު ހިތާމަކުރާތަން ދުށުމަކަށް އެއްގޮތަކަށް ވެސް ބޭނުމެއްނޫން. ދިރުމެނެތް ފަދައިން ދިރިއުޅުން ވެއަތުކުރާކަށް ބައްޕައަކަށް ހުއްދައެއްނުދެވޭނެ… ކޮންދުވަހަކުތަ ދަރިފުޅު އަމިއްލަ ލޯގަނޑުން ތި ސޫރަ ދުށީ. ކުރިން ފެނުނު ރީން އަލުން ދެކެން ބައްޕަމެން ބޭނުން”

ތަހުސީނުގެ ވާހަކަތައް އަޑުއަހަން ހުރެފައި ޒޫރިން އައިސް ޓެރެސްގެ ވަށައިގެންވާ ފާރުގައި ހަރުކޮށްފައިވާ ހޮޅީގައި ދެއަތުން ބާރަށް ހިފަހައްޓާލަމުން ދުރަށް ނަޒަރު ހިންގާލިއެވެ. އީތަން އޭނާގެ ޢާއިލާ ގޮވައިގެން އެގެއަށް އައިސްދާނޭ ކަމަށް ޒޫރިންއަށް ކުޑަކޮށް ވެސް ހީވެފައެއްނެތެވެ. އީތަންގެ ވާހަކަތަކަށް އިތުބާރުކުރަން އޭނާ ފަސްޖެހެނީ އެހިތަށް ލިބިފައިވާ ހިތްދަތިކަމާއި ބަރުދާސްކުރަން ދަތިވެފައިވާ ވޭނުގެ ސަބަބުންނެވެ. ފިރުމާލާފައި ހަމަ އެ ދެއަތުން ޒޫރިންގެ ހިތް ދެފަޅިއަށް އިރާލާފައި ހިނގައިދާނޭކަމަށް ހީވަނީއެވެ. މިހާތަނަށް އީތަންގެ ފަރާތުން ޒޫރިންއަށް ފެނުނީ ވެސް އެފަދަ ޝުއޫރެކެވެ. ލޯބިވެވުނީ ހަމައެކަނި ޒޫރިންއަށެވެ. އެ ލޯބީގެ ފައިދާ ނެގީ އީތަންއެވެ. އެހެންނަމަވެސް އެ ޚިޔާލުތަކުން ޒޫރިންއަށް ހަމަޖެހުމެއްނުލިބެއެވެ. ރުޅި އަންނަން މަސައްކަތްކުރި ނަމަވެސް ރުޅީގެ ބަދަލުގައި އެހިތަށް ކުރާ އަސަރު މާ ބޮޑެވެ. ހިތުގައި އުދާސްތައް ބޭރުވެގެންދަނީ އޭނާގެ ދެ ލޮލުންނެވެ. އަމިއްލަ ހިތުގެ އަޑުއެހުމުގެ ބަދަލުގައި ސިކުނޑިއަށް އެއްބާރުލުން ދިނެވެ.

ރޭޝްމާ އައިސް މަޑުމަޑުން ޒޫރިންގެ ކޮނޑުގައި އަތްޖައްސާލިއެވެ. އެއާއެކު ނިކަން އަވަހަށް ޒޫރިން އޭނާގެ ދެ ލޯ ފުހެލިތަން ރޭޝްމާއަށް ފެނުނެވެ.

“ދަރިފުޅު ތި ހިތާމަ ކިހާ ދުވަހަކު ކުރާނަންތަ؟ މިއަދު ޝަމްޢާނަށް ވެސް ރަނގަޅުވާނީ އީތަންއާ ދަރިފުޅު ކައިވެނި ކުރީމަ. އެ ދަރިފުޅު ބޮޑުވެގެން ރީންއާ ސުވާލުކުރާނެ، އެ ދުވަހުން ޖަވާބުދޭން ވެސް ފަސޭހަވާނީ އޭރުން…. މަންމަ ހީކުރީ ދަރިފުޅު ވެސް ބޭނުންވަނީ އީތަންއަށް ވިސްނެންހެން. އަދި އެނބުރި ދަރިފުޅުގެ ގާތަށް އަންނަންކަމަށް… ބައެއް ދުވަސްދަވަހު ހަވީރަށް މަންމަ ދުށީމު އީތަން މިގޭ ދޮށުގައި އައިސް އިންނަންތަން. އޭނާ އިރުއޮއްސި އަނދިރިވަންދެން މިގޭ މަގުގެ އަނެއްފަރާތުގައި ސައިކަލުމަތީ އިށީނދެގެން އިނދޭ…. މިގެއަށް ވަނުން މަނާކުރީތީވެ އޭނާއަށް ދަރިފުޅުގެ ގާތަށް ނާދެވިފައި ހުރީ. އެހެންނުނީ މަންމައަށް ޔަޤީން…..” ރޭޝްމާގެ ވާހަކަތައް އިތުރަށް އަޑު ނާހަންވެގެން ޒޫރިން ދުއްވައިގަތެވެ.

“ރީން…” ތަހުސީނު ތަންކޮޅެއް ބާރަށް ގޮވާލިއެވެ. އެހެންނަމަވެސް ހުއްޓުމެއްނެތި ޒޫރިން ދުވެފައި އައިސް އޭނާގެ ކޮޓަރިއަށް ވަދެ ދޮރުލެއްޕިއެވެ.

ހަޝަމްބަނދެލައިގެން ހުރިހެން ދެއަތް ހުރަސްކޮށްލައިގެން ހުރެ ކޮޓަރިތެރޭ ދެކޮޅަށް ޒޫރިން ހިނގިއެވެ. އޭނާގެ ސިކުނޑިއަށް ބާރުބޮޑުވުމުން ކަނާތުން ނިތްކުރިއާއެކު ބޮލުގައި ހިފަހައްޓާލިއެވެ. ނުރޯން މަސައްކަތް ކުރަމުން ދެބުމަ ގޮށްޖަހަމުން ދިޔަ ނަމަވެސް ދެލޮލުން ކަރުނައެއް ނުހިފޭއްޓުނެވެ. ކޯތާފަތުން ފައިބައިގެން ދިއުމުގެ ކުރިން ޒޫރިން ކަރުނަ ފުހެލައެވެ. އެތައް އިރަކު އޭނާ ދެކޮޅަށް ހިނގާލަ ހިނގާލާ ހުއްޓެވެ. އެންމެ ފަހުން އައިސް ކުޑަދޮރުގެ ފަރުދާ ކުޑަކޮށް އެއްފަރާތްކޮށްލުމާއެކު އެތަނުގައި މަޑުކޮށްލިއެވެ. ކުޑަދޮރުގެ ދާރާގައި ބޯޖައްސާލައިގެން ތުނިތުނި ލޭސް ފަރުދާގެ ތެރެއިން ފެންނަމުން ދިޔަ ޓެރެސްއަށް ޒޫރިންގެ ނަޒަރު ހުއްޓާލިއެވެ. އޭނާ ދެކޮޅަށް ހިނގާ ހިނގާ ވަރުބަލިވީ ކަންނޭނގެއެވެ. އަމިއްލަ ހިތުގެ ވަށައިގެން ރާނަމުން ދިޔަ ފާރު އުސްކުރަން އުޅެއުޅެ އެކަމެއް ވެސް ޒޫރިންއަކަށް ނުވިއެވެ. ސިކުނޑީގެ އެތައް ޚިޔާލަކާ އެ ހިތް ގޮންޖަހާލައެވެ. އެހިތާ އޭނާގެ ޟަމީރު އެއްބަސްވެއެވެ. ނަފްސު ބަލިކަށިވެގެން ދަނީ އެހެންވެއެވެ.

ތުނިފާރުދާގެ ތެރެއިން ފުރޭނިގެން ކަހަލަ ގޮތަކަށް ޒޫރިންގެ ކަންފަތުގައި އީތަންގެ ފިރިހެން ވަންތަ ހީނލުމުގެ އަޑު އައިސް ޖެހުނެވެ. އެހިނދު ދެ ލޯ މަޑުމަޑުން މެރިގެން ދިޔައެވެ. އެއާއެކު އޭނާގެ ޚިޔާލުގެ ލޯގަނޑުން ސިފަވެގެން ދިޔައީ ޓެރެސްގައި އިނދެފައި ގިޓާ ހިފައިގެން ފުންމައިގެން ތެދުވެ ފަހަތުގައި ހުރި މީހަކު ބެލުމަށް އެނބުރިލި ވަގުތު ކުރިމަތީ ހުއްޓިގެން ހުރި ފުރިހަމަ ޒުވާނާއެވެ. އެއީ ޒޫރިންއާއި އީތަންގެ ފުރަތަމަ ބައްދަލުވުމެވެ. ދެ ލޯ މަރާލައިގެން ހުރެ ވެސް އަމިއްލަ ހިތުގައި ޒޫރިންގެ އަތްތިލަ ޖައްސާލިއެވެ. އެހިނދު އަނެއްކާ ވެސް ލޯމަތިން ފަރުދާ ބަދަލުކޮށްލި ކަހަލައެވެ. އޭނާއަށް ދެން ފެނުނީ މިހާރު އޭނާ ހުއްޓިލައިގެން ހުރި ކުޑަދޮރުން ކޮޓަރިތެރެއަށް ޒޫރިން އާއި އީތަން ހެމުންހެމުން ފުންމާލިތަނެވެ. އަދި ޒޫރިން އައިސް އެނދުގައި އިށީނުމުން ކުޑަދޮރު ކައިރީ އީތަން މަޑުކޮށްލައިގެން ބަލަން ހުރި މަސްތީ ގޮތެވެ. ޒޫރިން ދެބުމަ ހިއްލާލާފައި އިޝާރާތެއްކޮށްލުމުން ލުއި ހީނލުމަކާއެކު އީތަން ދެ ފަރާތަށް ބޯހޫރާލިއެވެ. ޒޫރިން ތެދުވެގެން އައިސް އީތަންގެ ކުރިމަތީ ހުއްޓިލުމާއެކު އޭނާގެ ދެއަތުގައި ހިފާލަމުން އިހުނަށްވުރެ ގާތަށް ދަމާލާފައި އީތަން ވާހަކަދެއްކިއެވެ.

“ޤުދުރަތުގެ ރީތިކަން އެންމެ ދީލަތިކަމާއެކު ރީންއަށް ހަދިޔާކުރައްވާފައިވޭ… ރީތިރީތި ދެ ލޯ… އަހަރެންގެ ބުއްދި މޮޔަކޮށްލާހާ ލޫޅާފަތި ހަށިގަނޑެއް… ހުދުހުދު ދޮންކަމާއި އޮމާން ހަންގަނޑެއް… ވިއްސާރަވިލާގަނޑެއްހާ ކަޅު، ފިނި މޫސުމުގެ ރޭގަނޑެއްހާ ދިގު އިސްތަށިގަނޑެއް… ގަނޑުކޮށްލާ ފަދަ ސިހުރުވެރި މޫނެއް… އޮހިގެންދާ މާމުއިގެ ކަންވާރަކަށްވުރެ ފޮނި ތިޔަ ހުނުމުގެ އަޑު…. ހިތުގެ އެންމެ ފުނަށް އަސަރުކުރާ ވަރުގެ މިއުޒިކެއް ކުޅެލާ ކަހަލަ…”

ޒޫރިންގެ ދެއަތާއި ކޯތާފަތުގައި އީތަންގެ ބީހިލުން އިހުސާސްވެގެން ދިޔައެވެ. ބޭއިޚްތިޔާރުގައި ޒޫރިންއަށް އޭނާގެ އަތް އެ ތަންތަނުގައި ހާކާލެވުނެވެ. އަދި ކޯތާފަތުގައި އަތްޖައްސާލައިގެން ހުރެ މަޑުމަޑުން ޒޫރިން ލޯ ހުޅުވާލީ އޭނާގެ ހުވަފެނީ ދުނިޔެއިން ނުކުންނަން ބޭނުންވެގެން ކަހަލައެވެ. މަޑުމަޑުން އައިސް ކޮޓަރީގައި ހުރި ރީތިވާ މޭޒުގެ ކުރިމަތީ ހުއްޓިލުމާއެކު ލޯގަނޑުން އޭނާގެ އަމިއްލަ ސޫރާ ބަލާލިއެވެ. މޫނުގައި ދެއަތްތިލަ ހިންގާލެވުނެވެ. ޒޫރިންއަށް ލިބިފައިވާ ރީތިރީތި ދެ ލޯ ކޮބާ ހެއްޔެވެ؟ ދެ ކޮލާ ނޭފަތުގެ ކޮޅަށް ލޭޖަމާވެ ޖަންބުކުލައެއް ނޭރިއެވެ. ހުޅި ޖަހާލާފައި އޮތް އިސްތަށިގަނޑު ނިއުޅާލުމާއެކު އެއްވެސް ހިފެހެއްޓުމެއްނެތި ސޮހިގެންދިޔަ ފަށުވިކޮޅެއްހެން ފައިބައިގެން ދިޔައެވެ. ދެން ވެސް ޒޫރިންއަށް ލޯގަނޑުގެ ތެރެއިން އޭނާގެ އަމިއްލަ ނަފްސެއް ނުފެނުނެވެ. ވަޅުވަދެފައިވާ ދެ ލޮލާއި އަޑިވެފައިވާ ދެ ކޮލުގައި ފިރުމާލިއެވެ. މޭގައި ހިންގާލި އަތްތިލަ ގެނެސް އުނަގަނޑާ ހިސާބުގައި މަޑުކޮށްލިއެވެ. އެ އުނަގަނޑުގައި ހިފާ އީތަން އޭނާ އުރާލީ ކިތައް ރޭ ހެއްޔެވެ. ލޯގަނޑުގެ ކުރިމަތީ ހުރެ ޒޫރިން އޭނާ ލައިގެން ހުރި ދޫޓީޝާޓު ގަޔާ ވަކިކޮށްލިއެވެ. އެހިނދު ލޯގަނޑުން ފެނިގެން ދިޔަ ސޫރަ ދެކެ އޭނާ ވެސް ބިރުގަތެވެ. މޭކަށިގަނޑު ނުކުމެ ބަނޑު އެތެރެއަށް ވަދެފައި ވެއެވެ. އުނަގަނޑު ހިމަވެ ބިންދައިގެން ހިނގައިދާނޭ ހެން ހީވެއެވެ. އުކުޅުކަށިގަނޑު ވެސް ހުރީ ބޭރަށް ނުކުމެފައި ހުރި ހެންނެވެ. އުނުގައި ހަރުވާޅު ހަރުލާފައި ހުރީ ވާކޮޅަކުން އައްސާފައި އޮތީމައެވެ. ފަލަމަސްގަނޑުގައި މަހެއްނެތެވެ. ކުޑަކަޅުވާގެ އެއްވެސް ބައްޓަމެއްނެތެވެ. އޭނާގެ އެ ރީތި ލޫޅާފަތި ހަށިގަނޑު ކޮބައި ހެއްޔެވެ. ޒޫރިންއަށް އަމިއްލަ ސިފަ ފެންނަމުން ދިޔަ ވަރަކަށް އަނގައިން ނުކުންނަމުން ދިޔަ އާހުގެ އަޑު ގަދަވެ މަޑު ގިސްލުމަކަށް ބަދަލުވެގެން ދިޔައެވެ. މޫނުގައި ދެއަތް އެޅުމާއެކު ލޯގަނޑަށް ފުރަގަސްދެމުން ޒޫރިން އެނބުރިލިއެވެ. އަދި ހުރި ދިމާ ތިރިއަށް ކާޕެޓުމައްޗަށް ތިރިވެގެން ދިޔައީ އެއްވެސް ބާރެއް ނެތް ފަދައިންނެވެ. ތެދެކެވެ. އޭނާގެ އަމިއްލަ ނަފްސު ލޯގަނޑުން ނުދެކޭތާ ވީ ދުވަހެއް ވެސް އޭނާއަކަށް ނޭނގެއެވެ. އޭނާގެ ސިފަ ހުތުރުވެއްޖެއެވެ. ޒުވާން އުމުރުގައި ވެސް މުސްކުޅިވެއްޖެ ކަހަލައެވެ. އޭނާގެ ރީތިކަން ގެންދިޔައީ އީތަންއެވެ. އަލުން އީތަން އަންނަން ގަސްތުކުރީ ކޯޗެއްގެ ބޭނުމުގައި ހެއްޔެވެ. ކާޕެޓުމަތީ އަރިއަކަށް އޮވެ މުއްކަވާލި އަތުން ޒޫރިން ތަޅައިގަތެވެ. އަމިއްލަ ހިތާ އޭނާ ސުވާލުކުރިއެވެ. މިއަދުގެ ރީތިކަން ގެއްލިއްޖެއެވެ. އީތަންއަށް އޭނާގެ އެ ސޫރައެއް ކަމަކު ނުދާނެއެވެ. އޭނާ ފަދަ ފުރިހަމަ ޒުވާނަކާ މިހާރު ޒޫރިން އެކަށީގެނެއްނުވެއެވެ. އޭނާ ޕަރީއެއްހާ ރީތި އިރުގައި އީތަންގެ ލޯބި ނުހޯދުނުއިރު މިހާރު އީތަން އޭނާދެކެ ލޯބިވާނީ ކިހިނެއްހެއްޔެވެ.

ރޭގަނޑުގެ ހަތަރުދަމު ހުސްވެގެން ދިޔައީ ރުއިމާއި ފިކުރު ކުރުމުގައެވެ. އަމިއްލަ ހިތާ ޝަކުވާތައް ކުރުމުގައެވެ. ޒޫރިންގެ ހިތްދަތިކަން މިހާރު އެވަނީ ބައްޔަކަށް ވާންފަށައިފއެވެ. ރަނގަޅަށް ނުނިދެއެވެ. ނުއެއް ކެވެއެވެ. ދިވާނާވެފައިވާ މޮޔައަކުހެން ޚިޔާލުތަކަށް ގެއްލިފައި ހުރެއެވެ. ދަރިފުޅު ފެނުމުން ވަކިން ހިތަށް އަސަރުކުރެއެވެ. އެއީ އީތަން ދެކެ އޭނާވީ ފުރިހަމަ ލޯތްބެވެ. އެއާއެކު ހަޔާތުގައި ކުރެވުނު އެންމެ ބޮޑު ފާފައެވެ.

ނިދިފައި އޮތް ޒޫރިންއަށް ހޭލެވުނީ މީހާ ތުރުތުރު އަޅާވަރުންނެވެ. ދެއަތުން ހަށިގަނޑު ވަށާލަން މަސައްކަތް ކުރަމުން ތެދުވެ ކާޕެޓުމަތީ އިށީނެވެ. އެހިނދު ފައިކައިރީގައި އޮތް ޒޫރިންގެ ޓީޝާޓު ފެނިގެން އަވަސް އަވަހަށް އެ ނަގާ ގަޔަށް ހެޔޮވަރުކޮށްލިއެވެ. ކުޑަދޮރުން ފަނޑުއަލިކަމެއް ފެންނަން ހުއްޓެވެ. އެހެންވެ ޒޫރިން ތެދުވެގެން އައިސް ކުޑަދޮރު ކައިރީ ހުއްޓި ބޭރު ބަލާލިއެވެ. އިރު އަރަނީއެވެ. ޒޫރިންގެ ނަފްސު ހޭލީ ދެނެވެ. ތެޅި ފޮޅިގެންފައި ލޭސްފަރުދާގެ ބޭރުން ހުރި ބޯ ފަރުދާ ދަމާލުމާއެކު ފާޚާނާއަށް އައިސް އޭނާ ވަނެވެ.

ފަތިސް ނަމާދުން ފައިބައިގެން އައިސް ގެއަށް ވަންއިރު ވެސް އީތަންގެ މޫނުމަތިން ފާޅުވަމުން ދިޔައީ އޭނާ ކަމަކާ ދެރަވެފައި ހުރި ކަމުގެ އަސަރުތަކެވެ. އިރުއިރުކޮޅާ އީތަންގެ މޫނަށް ސުފިޔާނު ބަލާލައެވެ. ހިމޭންކަން ހިޔާރުކޮށްގެން ހުރި އީތަން ބަހެއް ވެސް ނުބުނެ ގޭތެރެއަށް ވަން ގޮތަށް ހިނގައިގަތީ އެތެރެއަށެވެ. ސުފިޔާނު ވެސް ދަރިފުޅު ހުއްޓުވުމުގެ ބަދަލުގައި އޭނާގެ ކޮޓަރިއަށް އައިސް ވަނެވެ.

“މާމާ… އަޅުގަނޑު…” ކޮޓަރިން ނުކުންނަން ވެގެން ނަމާދު ދޮޅި ނަގާފައި ރާބިއާ އަޅަން ގެންގުޅޭ ދެމޭފޮތީގެ ބޮޑު ވަށްބުރުގާ މޫނަށް ހެޔޮވަރުކޮށްލި ތަނާހެން އީތަންގެ އަޑު އިވުނެވެ. އެނބުރި ބަލާލިއިރު ދޮރުހުޅުވާލައިގެން ރާބިއާއަށް ބަލަން އީތަން ހުއްޓެވެ.

“ކިހިނެއްވީ، ހާދަ ބޮޑަކަށް މާޔޫސްވެފައި ހުރިހެން ހީވެޔޭ. އާދެބަލަ އެތެރެއަށް” ރާބިއާ އެނދުމަތީ ހުރި އޭނާ ކިޔަވަން ގެންގުޅޭ ދުޢާއާއި ޒިކުރުފޮތްތައް ނަގައި އެނދުގެ އަރިމަތީ ކަބަޑުގެ މަތީ ބަހައްޓާލި ގޮތުން ހީވީ އީތަން އިށީނުމަށް ތަން ހަދާލި ހެންނެވެ. އެތެރެއަށް ވަދެގެން އައި އީތަން އިށީނުމުގެ ބަދަލުގައި ރާބިއާގެ ކުރިމަތީ ހުއްޓިލިއެވެ. އަދި ރާބިއާގެ ދެއަތުގައި ހިފާލިއެވެ.

“މާމާ، އަޅުގަނޑުގެ ހިތަށް ވަރަށް އުނދަގޫވަނީ… ލަސްކުރަނިކޮށް ހީވަނީ ރީން ބީވެގެން ހިނގައިދާނޭހެން. އަޅުގަނޑަށް ދުވަހަކު ވެސް ދެން ރީން ނުލިބޭނެޔޭ ހިތަށް އަރަނީ. މާމާ!… މާމަ ދާންވީނޫންތޯ ރީންއާ ބައްދަލުކުރަން. ޕްލީޒް މާމާ… ރީން ހިޔެއްނުވޭ އަޅުގަނޑާ ދުވަހަކު ވެސް ބައްދަލުކުރަން ބޭނުންވާނެ ހެނެއް”

“އީތަން. ދަރިފުޅުގެ ހިތުގައިވާ ލޯތްބާއި މެދު ތިހާ އިތުބާރު ކުޑަ ނުކުރޭ…”

“ލޯތްބަށް ތަންދޭ ވަރަށްވުރެ ބޮޑަށް އަޅުގަނޑަށްވަނީ ރީންގެ ހިތުގައި ޖެއްސިފައި. ވިސްނާ ވިސްނާ އަޅުގަނޑު މޮޔަވެދާނެ”

“ތިޔަކަހަލަ ވާހަކަ ނުދައްކަބަލަ. ރީންއާ ބައްދަލުވެއްޖެނަމަ މާމައަށް އޭނާގެ ހިތް ދެނެގަންނާކަށް އުނދަގުލެއްނުވާނެ، ދެރައީ އެގެއަށް ދިޔަ ފަހަރު ރީންއާ ބައްދަލުނުވެ އަންނަން ޖެހުނީމާ… ތިހާ ވަރަށް ފިކުރުނުކުރޭ… މާމަ ހިނގައިދާނަން ރީންއާ ބައްދަލުކުރަން…”

“މާމައަށް ނޫން މީހަކަށް އަޅުގަނޑުގެ ރީން ހޯދައެއް ނުދެވޭނެ… ކޮންއިރަކުންތޯ މާމަ އެގެއަށް ދުރުވާނީ” އީތަންގެ ކެތްތެރިކަން ކުޑަވެފައި ހުރިވަރު ފެނިފައި ރާބިއާ ހައިރާންވިއެވެ. އަނެއްކޮޅުން އޭނާގެ ތުންފަތުގައި ލުއި ހިނިތުންވުމެއް ދުވެލިއެވެ. ހަޔާތުގެ ހިސާބަކުން އީތަންއާ ލޯބި ބައްދަލުކޮށްފިއެވެ. އެ ލޯބީގެ އަޅަކަށް އޭނާ އެވަނީ ވެފައެވެ. އަންހެންކުއްޖަކަށް ޓަކައި އޭނާ މިއަދު އެ ހުރީ ކޮންމެ ކަމެއް ވެސް ކުރަން ތައްޔާރަށެވެ. ރާބިއާ އޭނާގެ މާމަ ދަރިފުޅުގެ ކޯތާފަތުގައި ފިރުމާލަފައި ކޮނޑުގައި މަޑުމަޑުން ޖަހާލިއެވެ.

“ވީ އެންމެ އަވަހަކަށް މާމަ ދާނަން. އެންމެ ރަނގަޅެއްނު” ރާބިއާގެ ހިނިތުންވުމާއެކު އީތަން ފުންނޭވާއެއް ލަމުން ދެ ލޯ މަރާލާފައި ބޯޖަހާލިއެވެ.

“ދެން ހިނގާ މާމައާއެކު އެ ފަރާތަށް ދަމާ…” އީތަންގެ އަތުގައި ހިފާލަމުން ރާބިއާ ހިނގައިގަތެވެ. އޭގެ ދެމީހުން ކޮޓަރިން ނުކުމެގެން ބަދިގެ ފަރާތަށް އައެވެ.

އުދަރެސްމުޅިން އަލިވެ ޓެރެސްއަށް އަވި އަރައިފިއެވެ. ސަރަންފީތައް ލާއްޕާލަފައި އެއްފަރާތު ފާރުކައިރީ ލައްކޮށްލާފައި ހުއްޓެވެ. ކޮފީ ތަށި ހިފައިގެން ޓެރެސްގެ ފާރުބުރި ކައިރީ ތަހުސީނު ހުއްޓިލައިގެން ހުއްޓެވެ. އެތަނަށް ނުކުންނަން އައި ޒޫރިންއަށް ތަހުސީނު ފެނުމާއެކު އެނބުރި އެތެރެއަށް ދިއުމަށް ހިނގައިގަތެވެ. އެހިނދު ތަހުސީނު ވެސް އެނބުރިލިއެވެ. އޭނާއަށް ޒޫރިން ދާން ހިނގައިގަތް ތަން ފެނި ނިކަން ބާރަށް ގޮވާލިއެވެ. މިފަހަރު ތަހުސީނުގެ އަޑަށް ނުހުއްޓި ދާން ޒޫރިންއަކަށް ނުކެރުނެވެ.

“އާދެބަލަ މިކޮޅަށް…” ތަހުސީނުގެ އޯގާތެރި އަޑު އަނެއްކާ ވެސް އިވިގެން ދިޔައެވެ.

ޒޫރިން އައިސް ޓެރެސްގެ ފާރުބުރީގެ ވަށައިގެންވާ ދަގަނޑު ހޮޅިމަތީ ދެއަތްތިލަ ބާއްވާލަމުން ތިރިއަށް ބަލަންފެށިއެވެ. އޭނާގެ މޫނަށް ތަހުސީނު ނިކަން ރަނގަޅަށް ބަލާލިއެވެ. އަދި ޒޫރިންއަށް ހައިރާންކަން ލިބިގެން ދިޔައީ އޭނާގެ ގާތަށް ތަހުސީނު ޖެހިލާ ޒޫރިންގެ ކޮނޑުގެ ވަށައިގެން އޭނާގެ ކަނާތުން ހިފަހައްޓާލުމާއެކު ގަޔާ ކައިރިކޮށްލީމައެވެ. ޒޫރިންގެ ބޮލުގައި ބޮސްދީފައި ތަހުސީނުގެ ކޯތާފަތް ޖައްސާލަމުން ޒޫރިންގެ ކޮނޑުގައި ފިރުމާލިއެވެ.

“ބައްޕަގެ ވާހަކައިން ދަރިފުޅުގެ ހިތުގައި ޖެއްސުނީތީ މާފުކުރޭ” ތަހުސީނު ބުނެލިއެވެ. އެއާއެކު ޒޫރިންގެ ހަށިގަނޑުގައި ހުރި ހަރުކަށިކަން ކެނޑި ތަހުސީނުގެ ގައިގާ އޭނާގެ ބޯ ޖައްސާލަމުން ދެ ލޯ މަރާލިއެވެ.

އިތުރަށް ތަހުސީނު އެއްވެސް ވާހަކައެއް ނުދެއްކިއެވެ. ދަރިފުޅު ގާތްކޮށްލައިގެން ހުރެ ކޮފީތަށި ހުސްކޮށްލާފައި ދުރަށް ޖެހިލިއެވެ. އަދި ޒޫރިންގެ އަތަށް ތަށި ދީފައި ރޭޝްމާއަށް ގެންގޮސްދޭން ބުނަމުން ޝަމްޢާނު އުޅެނީ ހޭލާތޯ ސުވާލުކޮށްލިއެވެ. ތަހުސީނުގެ ހުންނަ އެ ސިފަ ޒޫރިންއަށް ކަމުދެއެވެ. ޒޫރިންގެ ހިތަށް ދަތިކަމެއް ލިބިދާނޭ ވާހަކައެއް އޭނާ ތަކުރާރުކޮށް ނުދައްކާނެއެވެ. އެހެންނަމަވެސް ތަހުސީނު އެހެން ހެދުމުން އެކަމަކާ ވިސްނަން ޒޫރިންއަށް މަޖުބޫރުވެއެވެ. ޝަމްޢާނު ކުޑައެނދުގައި ހޭލާ އެބައޮތް ކަމުގައި ބުނެފައި ތަހުސީނަށްވުރެ ކުރިން އެތެރެއަށް ވަނުމަށް ޒޫރިން ހިނގައިގަތެވެ.

ހެނދުނުގެ ސައިބޮމުން ޒޫރިން ދިޔައިރު މޭޒު ދޮށުގައި ރޭޝްމާ އިނީ ޝަމްޢާނު އުރާލައިގެންނެވެ. އޭރު ތަހުސީނު ސައިބޮއެގެން ނުވައެއް ޖަހަންވާއިރަށް އޭނާގެ މަސައްކަތަށް ހިނގައްޖެއެވެ. ގޭގައި ދެމައިން އެކަނިވީއެވެ. ރޭޝްމާ ވެސް ފެންނަނީ ހިމޭންކޮށެވެ. ޒޫރިންއާ މާގިނަ ވާހަކައެއް ނުދައްކައެވެ. އެކަމުން ޒޫރިންއަށް ކޮންމެވެސް ވަރަކަށް އުނދަގޫވިއެވެ. މަންމަ ހުރީ އޭނާ ދެކެ ހިތްހަމަނުޖެހިފައި ހެން ހީވަނީއެވެ. ދުރުދުރުން ޒޫރިން ވާހަކައެއް ފެށިއެވެ. ނަމަވެސް ރޭޝްމާގެ ޖަވާބުތައް އާން ހޫނއަކުން ނިންމާލަނީއެވެ.

ހެނދުނުގެ ނާސްތާފަހު އިރުއިރުކޮޅާ ރާބިއާގެ ކޮޓަރިއަށް އީތަން އައިސް ވަދެލައެވެ. އޭނާ ޒޫރިންގެ ގާތަށް ދަނޭ އިރަކަށް އީތަން އިންތިޒާރު ކުރަމުން ދިޔައެވެ. އީތަންގެ މި ހަރަކާތްތައް ރާބިއާއަށް ފާހަގަކުރެވުނެވެ. ދިހައެއް ޖެހިފަހުން ރާބިއާ ރީތިވެލައިގެން ނުކުތެވެ. ގޭތެރޭގެ އެކި ދިމާއަށް ނަޒަރު ހިންގާލުމުން ވެސް އީތަން ލޮލުގައި އަޅައިނުގަތުމުން ރާބިއާ އައިސް ވަނީ އީތަންގެ ކޮޓަރިއަށެވެ. އޭރު ކޮޓަރިތެރޭ ދެކޮޅަށް ހިނގާލަ ހިނގާލާ ހުރި އީތަންގެ ސަމާލުކަން ދޮރު ހުޅުވާލި ރާބިއާއަށް ހުއްޓުނެވެ.

“ދުރުވަނީތޯ މާމާ” ނިކަން އަވަހަށް އީތަން އަހާލިއެވެ.

“އާން! ހިނގާބަލަ އެގެއަށް މާމަ ގެންގޮސްދޭން” ރާބިއާ ބުންޏެވެ.

“އަޅުގަނޑު ވެސް މާމައާއެކު އެގެއަށް ވަންނާނަން”

އީތަންގެ ޚިޔާލަކީ ރަނގަޅު ޚިޔާލަކަށް ނުވިޔަސް އޭނާ ދެނެއް ނުހިފެއްޓޭނޭކަން ރާބިއާއަށް ވިސްނުނެވެ. އެހެންވެ އީތަންގެ ޚިޔާލާ ދެކޮޅެއް ރާބިއާ ނުހެދިއެވެ. ސިޓިންރޫމުގައި އިން ހަމްރާ އީތަންއަށް ހިތްވަރު ދިނެވެ. ޒޫރިން ރުއްސައި ކައިވެންޏަށް އާންބަސް ބުނުވައިގެން އައުމަށް އީތަން ގާތުގައި ހަމްރާ ބުނެލިއެވެ. އަދި ދަރިފުޅުގެ ކުރިމަތިލުމަށް ކާމިޔާބު ދެއްވާ ޒޫރިންގެ ރުހުން ދެއްވާތޯ ހަމްރާ ދުޢާކޮށްލިއެވެ.

ހާސްވެފައި ހުރި އީތަން އޭނާގެ ސައިކަލު ފަހަތަށް ރާބިއާ އަރުވައިގެން ޒޫރިންމެންގެއަށް ދިއުމަށް ދުއްވާލިއެވެ. މަންޒިލާ ހަމައަށް ދެވެން ދެން ވެސް އީތަން އިނީ ހިމޭންކަން ޚިޔާރުކޮށްގެންނެވެ. އޭނާ ވިސްނަނީއެވެ. ޒޫރިންއަށް ބައްދަލުވެއްޖެނަމަ ހަމްރާ އެދުނު ފަދައިން އޭނާ އެނބުރި އަންނާނީ ޒޫރިން ރުއްސުމަށް ކުރެވެން އޮތް ހުރިހާ ކަމެއް ކޮށްފައެވެ. މިއަދު އޭނާ ޒޫރިންދެކެ ވާ ލޯބި ސާބިތުކޮށްދޭނެއެވެ.

“ދަރިފުޅާ މަޑުމަޑުން…” ސައިކަލުގައި އީތަންގެ ކޮނޑުގައި ހިފަހައްޓާލައިގެން އިން ރާބިއާ ބުނެލިއެވެ. ފިކުރުތަކުގެ ތެރެއަށް ގެއްލިފައި އިން އީތަންއަށް ސައިކަލުގެ ދުވެލި ބާރުވެއްޖެކަން އިހުސާސް ކުރެވުނީ ދެނެވެ. އޭރު ޒޫރިންމެންގެއާ ވަރަށް ކައިރިއަށް އާދެވިއްޖެއެވެ. ބާރަށް ދުއްވުމަކީ ރާބިއާ ބިރުގަންނަކަމެކެވެ. މަދު ފަހަރަކު ނޫނީ އޭނާ ސައިކަލަށް ވެސް ނާރާނެއެވެ. އީތަން އަވަހަށް ސައިކަލުގެ ދުވެލި މަޑުކޮށްލުމާއެކު ހ.ބުލޫމޫންގޭގެ ދޮރޯށި ކައިރީ ސައިކަލު މަޑުކޮށްލިއެވެ. އަދި ރާބިއާ ފައިބަންދެން މަޑުކޮށްލާފައި ފާރުކައިރީ ސައިކަލު ޕާކުކޮށްލިއެވެ.

“އައްސަލާމް އަލައިކުމް” ރޭޝްމާ ދޮރޯށި ހުޅުވާލުމާއެކު ހިނިތުންވެލި ރާބިއާ ބުނެލިއެވެ.

“ވައިލައިކުމުއްސަލާމް…” އަންގާ ވެސް ނުލާ ރާބިއާ އާއި އީތަން އައިސް ތިބިތަން ފެނިފައި ރޭޝްމާއަށް ބުނާނޭ އެއްޗެއް ނޭނގުނެވެ. އުމުރުން ދުވަސްވެފައި ހުރި ރާބިއާގެ ވާހަކަތަކުގައި ހުންނަ މަޑުމައިތިރިކަން އޭނާއަށް ލިބިފައިވާ ތަޖުރިބާ ހާމަކޮށްދެއެވެ. އެހެންވެ އޭނާގެ މައްޗަށް ވަރަށް ބޮޑު ޤަދަރަކާއި އިހުތިރާމެއް ރޭޝްމާގެ ހިތުގައި އުފެދިފައި ވެއެވެ.

“ވާހަކަދައްކާލަންވެގެން” ހިތްހެޔޮކަމާއެކު ރާބިއާ ބުނެލިއެވެ. ތިރީތުންފަތުގައި ދައިގަތްގޮތަށް އީތަން ހުރީ ރޭޝްމާ ދޭނޭ ޖަވާބެއްގެ އިންތިޒާރުގައެވެ. ނަމަވެސް އޭނާ އަނގައިން ނުބުނެ ދޮރޯށި ހުޅުވާލާފައި އިޝާރާތްކޮށްލީ އެތެރެއަށް ވަނުމަށެވެ.

“އިށީންނަވާ” ސޯފާ ދައްކާލާފައި ރޭޝްމާ ބުނެލިއެވެ.

“ކުއްލިއަކަށް އައުމުން އުނދަގޫވާނޭކަން އެނގޭ، އެހެންނަމަވެސް މި މަޖުބޫރީއަށް މާފުކުރައްވާ… އަޅުގަނޑުގެ މާމަ ދަރިފުޅުދެކެވާ ކަނު ލޯތްބެއް ބޮޑުކަމުން އެކުއްޖާގެ އާދޭސްތައް ހިފައިގެން އަންނަން ޖެހުނީ…” ރާބިއާ ވާހަކަދެއްކިއެވެ.

“އަޅުގަނޑު އަންނާނަން ފިނި އެއްޗެއް ހިފައިގެން. ވަރަށް ހޫނު ދުވަހެއް ނޫންތޯ” ކަންބޮޑުވުމުގެ ހިންދިރުވާލުމާއެކު ރޭޝްމާ ބުނެލިއެވެ.

“ނޫނޭ… ވަރަށް ބޮޑަށް ޝުކުރިއްޔާ. މިގެއިން އަޅުގަނޑު ބޭނުންވަނީ ހަމަ އެންމެކަމެއް، އަޅުގަނޑު މިއައީ ރީންއާ ބައްދަލުކުރަން. ގިނަ ދުވަސްތަކަކަށް މިކަން ނުދަންމާ އެކުއްޖާގެ ހިތުގައިވާ އެއްޗެއް އޮޅުން ފިލުވާލާ ހިތުން…”

“އީތަންއާއި އޭނާއާ ގުޅުން ހުރި މީހަކާ ވެސް ރީން ބައްދަލުކުރާކަށް ބޭނުމެއްނުވޭ. އޭނާ ހިތްހަމަނުޖެހޭ ކަމެއް ކުރުވަން މަޖުބޫރު ކުރާކަށް އަޅުގަނޑަކަށް ނުކެރޭނެ”

“ރީންގެ މަންމައަށްވީތީ ދަރިފުޅުގެ ހިތްހަމަޖެހުން ވަރަށް މުހިންމުވާނޭކަން އެނގޭ. އެކަމަކު އެއްފަހަރު ނަމަވެސް އަޅުގަނޑު ރީންއާ ބައްދަލުކޮށްލަން ބޭނުން. ފަހަރެއްގައި އަޅުގަނޑުގެ ވާހަކަ ރީން ޤަބޫލުކުރުމަކީ ވެސް ވެދާނޭ ގޮތެއް… ލިބުނު ހިތްދަތިކަމުގައި ރީން ބަނދެވިފައި އެވަނީ މާބޮޑަށްކަމަށް ވުމަކީ ވެސް ވެދާނޭ ގޮތެއް… އެހެންވެ ކަންނޭނގެ އީތަން ބަދަލުވެދާނޭކަމަށް ރީންއަށް ޤަބޫލުނުކުރެވިގެން އެ އުޅެނީ” ރާބިއާގެ ވާހަކަތަކާ މެދު ރޭޝްމާ ވިސްނިއެވެ. ޚުދު އޭނާ ވެސް ޒޫރިން އެ ކުރާ ހިތާމައިގައި ނިމިގެންދާކަށް ބޭނުމެއްނޫނެވެ. އެހެންނަމަވެސް މިހާރު އޭނާ ކަންބޮޑުވާ ދަރަޖައަށް ޒޫރިންގެ ހާލު ހިނގައްޖެއެވެ. ކޮންމެވެސް ގޮތަކުން އެކުއްޖާ އަލުން ދިރިއުޅުން ދެކެ ލޯބިވާނޭ ގޮތެއް މެދުވެރިވާން ރޭޝްމާ ނުހަނު އުންމީދުކުރެއެވެ.

“ރީން މިވަގުތީ ކޮޓަރީގައި. މަތީގައި ކޮޓަރި ހުންނާނީ…” ރޭޝްމާ މިހެން ބުނެ ސޯފާއިން ތެދުވެ ރާބިއާއަށް ބަލަންހުރެ ސިޑިއާ ދިމާއަށް އިޝާރާތްކޮށްލިއެވެ.

“އަޅުގަނޑު ވެސް ދާނަން” އީތަން ނިކަން އަވަހަށް ބުނެލިއެވެ. އޭނާގެ މޫނަށް އިރުކޮޅަކު ބަލަން ހުރެފައި ރޭޝްމާ ބޯޖަހާލީ ހުއްދަ ދިނުމުގެ ގޮތުންނެވެ.

ޒޫރިންގެ ކޮޓަރިއާ އަރާ ހަމަވެފައި ރޭޝްމާ އަތްހިއްލާލުމާއެކު ހުއްޓެން އަންގާލިއެވެ. ރާބިއާ އާއި އީތަން އެކަކު އަނެކަކަށް ބަލާލާފައި އެއްފަރާތުގައި މަޑުކޮށްލިއެވެ. އެއާއެކު ދޮރުހުޅުވާލާފައި ރޭޝްމާ އެތެރެއަށް ވަނެވެ. އޭރު އެނދުމަތީ ކޮފީކުލައަކަށްދާ ލޭސް ފޮތީގެ ދިގު ޕާޓީ ހެދުމެއް ފަތުރާލައިގެން އެއަށް ބަލަހައްޓައިގެން ޒޫރިން ހުއްޓެވެ. އަލަމާރީގެ ދޮރުފަތް ވެސް ހުޅުވާލާފައި ހުރި ގޮތަށް ހުއްޓެވެ.

“ރީން… ކީއްކޮށްލަނީ؟” ރޭޝްމާ އަހާލިއެވެ.

“ކަމެއް ނުކުރަން” ޒޫރިން އެނދުގައި އޮތް ހެނދުން އެއްފަރާތްކޮށްލިއެވެ. އަދި ހުޅުވާފައި ހުރި އަލަމާރީގެ ދޮރުފަތް ލައްޕާލިއެވެ.

“ތީ ނާޒިލުބެއާއެކު ޕާޓީއަކަށް ދާން ރީން ލީ ހެދުމެއްނު. ކިހިނެއްވީ މިހާރު ތި ހެދުން ނަގައިގެން ތިވަރަށް ތި ބަލަނީ. އަނެއްކާ އެއްލާލަންތަ ތިއުޅެނީ”

“ނޫން މަންމާ. މި ދެން ހަމަ ބަލާލަން ނެގީ. މަންމަ ކަމަކުތަ ތިއައީ. ޝަމްޢާނު ބަލާ ދޯ” ޒޫރިން ވާހަކަ ބަދަލުކޮށްލަން މަސައްކަތްކުރިއެވެ.

“ދަރިފުޅާ ބައްދަލުކުރަން އެބަހުރި މީހަކު އައިސް. ކޮޓަރިއަށް ވައްދަން އިނގޭ އެބަ” ރޭޝްމާ މިހެންބުނެފައި ޒޫރިންއަށް ޖަވާބުދޭން ފުރުޞަތެއް ނުދިނެވެ. ދޮރުހުޅުވާލާފައި ރާބިއާއަށް އަންގާލިއެވެ.

“ދަރިފުޅު އިހަށް މަޑުކުރޭ” ރާބިއާ ނިކަން އަވަހަށް އީތަންގެ އަތުގައި ހިފާލާފައި ބުނެލިއެވެ. އެހެންވެ ކުރިއަށް އަޅާލަން އަޅަން ނެގި ފިޔަވަޅު އަނެއްކާ ވެސް މަޑުކޮށްލީއެވެ.

ރާބިއާ ކޮޓަރިއަށް ވަނުމުން އޭނާއަށް ޒޫރިން ބަލަހައްޓައިގެން ހުރި ހައިރާންވެފައެވެ. ދޮން އަލި މޫނެކެވެ. ފެހި ކުލައިގެ ބޮޑު ބުރުގާއެއް އަޅާފައި ހުރިއިރު ލާފައި ހުރީ ގަޔަށްދޫކޮށް ފަހާފައިހުރި ދިގު ހެދުމެކެވެ. މުސްކުޅިވެފައި ހުއްޓެއްކަމަކު ޒުވާން އުމުރުގައި އޭނާއަކީ ރީތި އަންހެނެއްކަން ޒޫރިންއަށް ނަގައިގަނެވުނެވެ. ތުންފަތުގައިވާ ހިނިތުންވުމާއި ބަލަން ހުރި ގޮތުން ހިތްހެޔޮކަން އިހުސާސްވެގެން ދިޔައެވެ. އެހެންނަމަވެސް ރާބިއާގެ ހިތަށް ފުން އަސަރުތަކެއް ކުރެވިގެން ދިޔައެވެ. ހިނިތުންވެލައިގެން ހުއްޓެއްކަމަކު ބަލަބަލާ ހުއްޓާ އޭނާގެ ދެ ލޯ ފެންކަޅިވެގެން ދިޔައެވެ. މަޑުމަޑުން ކަނާތުން ދެ ލޯ ފުހެލާފައި ކުރިއަށް ޖެހިލާ ޒޫރިންގެ ބޮލުގައި ފިރުމާލިއެވެ.

“ރީން ދުށުމުގެ ފުރުޞަތު ލިބުނީތީ ﷲއަށް ޙަމްދުކުރަން. މީ އީތަންގެ މާމަ. މިއައީ ރީންއާ އެކަނި ބައްދަލުކޮށްލަން ބޭނުންވެގެން” މަޑުމައިތިރިކަމާއެކު ރާބިއާ ވާހަކަދެއްކިއެވެ. އީތަންގެ ނަން އިވުމުން ވެސް ޒޫރިންއަށް ގޮތްތަކެއް ވެއްޖެކަން ރާބިއާއަށް ނަގައިގަނެވުނެވެ.

“މަންމަ މި ދަނީ ކޮޓަރިއަށް….” ޖެހިލުންވެފައި ހުރެ ރޭޝްމާ ބުނެލިއެވެ. އޭރު ޒޫރިންގެ ލޮލުން އޭނާ އެ ކޮޓަރިން ނުދިއުމަށް އެދި އާދޭސްކުރާ ކަހަލައެވެ. އެހެންނަމަވެސް އެކަން ދެނެހުރި ކަމަށް ނުހަދާ ރޭޝްމާ އެ ކޮޓަރިން ނުކުތެވެ.

ކުޑައެނދުގައި އޮތް ޝަމްޢާނު އަޑުލައްވާލުމާއެކު ރާބިއާ އެ ދިމާއަށް ޖެހިލިއެވެ. އަދި ކުޑައެނދުގައި އޮތް ކުއްޖާއަށް ބަލަން ހުރެ އޭނާއަށް ހީނލެވުނެވެ.

“މާޝާﷲ، ރީންއާއި އީތަންގެ ފުރިހަމަވެގެންވާ ހަދިޔާއެއް. މާމަ އުރާލަންތަ؟” ރާބިއާ މިހެން އަހާލަމުން ޒޫރިންއަށް ބަލާލިއެވެ. ހާސްވެފައި ހުރެގެން ޒޫރިން ބޯޖަހާލިއެވެ. އެއާއެކު ރާބިއާ ތުއްތު ޝަމްޢާނު ނަގާ އުރާލިއެވެ. އެކުއްޖާގެ ކޮލުގައި ވަސްގަނެލާފައި ނިތުގައި ބޮސްދިނެވެ. އަދި ލޯބިކޮށްލާފައި ޒޫރިންއަށް ބަލަންފެށިއެވެ.

“ދަރިފުޅު ބައްޕައެއްނެތްކަން ދުނިޔެ ކަނޑައެޅި، ރީން ވެސް ނިންމީ ހަމަ އެގޮތައްތަ؟ މި ދަރިފުޅުގެ ބައްޕައަކަށް ބޭނުމެއްނުވާނެތަ؟ މި ދަރިފުޅުގެ ބައްޕަދެކެ ރީންވީ ލޯބި ނެތިގެން ދިޔައީތަ؟ ޔަޤީނުން ވެސް މި ދަރިފުޅަކީ ރީން އެމީހަކަށް ކުރި ފުރިހަމަ އިތުބާރުގެ މިސާލެއް. އެ މީހަކަށްޓަކައި ރީންގެ ހުރިހާ އެއްޗެއް ޤުރުބާންކުރިކަމުގެ ނިޝާނެއް…. މާމަ ޤަބޫލުކުރަން”

“އީތަންގެ ވާހަކަދައްކާކަށް އަޅުގަނޑު ބޭނުމެއްނޫން” ދެއަތްދެއަތާ މޮޑެލަމުން ޒޫރިން ރާބިއާއަށް ފުރަގަސްދިނެވެ. އެހިނދު ރާބިއާ ކުޑައެނދުގައި ޝަމްޢާނު ބާއްވާލާފައި އައިސް ޒޫރިންގެ ކޮނޑުގައި ހިފާ އޭނާއާ ދިމާއަށް އަނބުރާލިއެވެ.

“ބައެއްފަހަރު ލޯބިވާކަން އިހުސާސް ކުރެވޭނީ އެ މީހަކާ ދުރައްދިއުމުން. ރީންދެކެ އީތަން ލޯބިވާކަން މިހާރު ސިއްރެއްނުވާނެ. އޭނާ ރެޔާއިދުވާލު ހުންނަނީ ރީންގެ ޚިޔާލުގައި. މިއޮތް ކުޑަކުޑަ ދަރިފުޅުގެ މޫނަށް ބަލާލުމުން ރީންއަށް އީތަން ސިފައެއްނުވޭތަ؟ ދެން ކީއްވެ ދަރިފުޅު އީތަންއަށް ދެވަނަ ފުރުޞަތެއް ދޭން ބޭނުންނުވަނީ…”

“އަތުގައި އިތުރަށް ދޭނޭ އެކައްޗެއް ވެސް ނެތް… އިތުރަކަށް ވާނޭ ފަޟީހަތެއް ވެސް ނެތް… އާދޭސްކުރިން… އާދޭސްކުރިން އެހެން ނުހަދާށޭ ބުނެ… އެހާ ލޯބިވަންޏާ ކީއްވެތަ އޭރު ނައީ… ކައިވެނި ނުކުރި ނަމަވެސް އަޅުގަނޑާއެކުވިނަމަ… އެ ހުރިހާ ކަމަކާ އަޅުގަނޑު އެކަނި ކުރިމަތިލިއިރު އީތަން ކޮބާތަ؟ ކީއްވެތަ ނައީ؟ ކީއްވެތަ ނޭނގުނީ ލޯބިވާކަން…. ހުރިހާ ކަމެއް ނިމުނީތަ ލޯބިވާން އެނގުނީ… މި ދަރިފުޅަށް ބަލިވެ އިންދުވަހުން ފެށިގެން މިއަދާ ހަމައަށް އަޅުގަނޑު ވޭތި ކުރި ދުވަސްތައް އަނބުރާ އީތަންއަށް ހޯދާ ދެވިދާނެތަ؟ އެ އެކަނިވެރިކަން ބަދަލުކުރެވިދާނެތަ؟ އެ ދުވަސްތައް އަނބުރާ ގެނެވިދާނެތަ؟….” ޒޫރިންއަށް ވާހަކަދައްކަމުން ގޮސް ރޮވުނެވެ. ރާބިއާ ކުރިއަށް ޖެހިލާފައި ޒޫރިންގެ ދަތްދޮޅީގައި ހިފާ އުފުލާލުމާއެކު ދެފަރާތަށް ބޯހޫރާލިއެވެ. އަދި ދެއަތުން ނުހަނު ލޯތްބާއެކު ޒޫރިންގެ ދެ ކޯތާފަތް ފުހެލަ ދިނެވެ. އަމިއްލަ ދަރިއަކު ފަދައިން ޒޫރިންގެ ގެނެސް މޭގައި ލައްކޮށްލިއެވެ.

“އިންސާނަކަށް އެހެން އިންސާނެއްދެކެ ލޯބިވެވޭނީ ތިވަރަށް…” ރާބިއާގެ އަޑުއިވުމާއެކު ވަކިން ބޮޑަށް ޒޫރިންއަށް ރޮވިއްޖެއެވެ.

“ފާއިތުވެ ދުވަހެއް ކުރެވުނު ކަމެއް އަލުން އަނބުރާ ގެނައުމެއްނުވޭ… މާމަ ކުއްވެރިކުރަން އީތަން. އެކަމަކު ރީން ވިސްނާލަބަލަ. އޭނާ އޭރު އުޅުނީ އެހެން އަންހެންކުއްޖާ ގުޅިގެން. ނަމަވެސް އެ އަންހެންކުއްޖާއަށް ދިން ސަމާލުކަމަށް ވުރެ ރީންއަށް ދިން ސަމާލުކަން ތަފާތު… އީތަން ލޯބިވެޔޭ ނުބުންޏަސް އޭނާގެ ހިތުގައިވަނީ ރީން. އެހެންނޫންނަމަ އޭނާއަށް އެ ކުރެވުނު ފާފަކުރެވޭނީ ހަމައެކަނި ރީންއާއެކުއެއްނޫން. ކިތަންމެހާ ވެސް ދެރަ ކަންތައްވީގޮތް. މާމަމެންނަށް ވެސް އެނގުނީ މާފަހުން… އެކަމަކު އީތަންއަށް ބަދަލުތަކެއް އަތުވެއްޖެކަން މާކުރިން ވެސް ފާހަގަވި، އެ ބަދަލުތައް ގުޅިފައިވީ ރީންއާ…”

“ނޫން…” ކުއްލިއަކަށް ރާބިއާއާ ދުރަށް ޒޫރިން ޖެހިލިއެވެ. އަދި އައިސް ކުޑަދޮރުގެ ކައިރީ މަޑުކޮށްލިއެވެ.

“އައި އެމް ސޮރީ… ޕްލީޒް… ޕްލީޒް ރީން… ފޮގިވްމީ…” ކުއްލިއަކަށް ދޮރުފަތް ހުޅުވާލާފައި ކޮޓަރިތެރެއަށް އީތަން ވަނެވެ. އޭނައަށް ޒޫރިން ރޯއަޑުއަހަން ކެތްނުކުރެވުނީއެވެ. ޚުދު އޭނާ ވެސް ވަނީ ފެންކަޅިވެފައެވެ.

“އީތަން….” ރާބިއާ އުޅުނީ އީތަން ހުއްޓުވާށެވެ.

“މާމާ، އަޅުގަނޑު ރީންއާ ވާހަކަދެއްކިޔަ ދީ… ޕްލީޒް މާމާ… މިއަދު ރީންއާ ވާހަކަދައްކާފައި ނޫނީ އަޅުގަނޑެއް ނުދާނަން…” އީތަންގެ ކުރެހިފައިވާ އަޑުއިވިފައި ރާބިއާއަށް ގޮތް ހުސްވިކަހަލައެވެ. އެއްފަހަރު ޒޫރިންއަށް އަނެއްފަހަރު އީތަންއަށް ބަލާލިއެވެ. އަދި މަޑުމަޑުން އެ ކޮޓަރިން ނުކުންނަން އޭނާ ހިނގައިގަތެވެ.

ކުޑައެނދުގައި އޮތް ދަރިފުޅު ފެނުމާއެކު އީތަންއަށް ވީގޮތެއް ވެސް ނޭނގުނެވެ. ވަގުތުން ދަރިފުޅު ނަގާ އެ ދަރިފުޅުގެ އެތަން މިތަނުގައި ބޮސްދޭންފެށިއެވެ. މޭގައި ދަރިފުޅު ބޮނޑިކޮށްލުމާއެކު އޭނާއަށް ރޮވިއްޖެއެވެ. އެ ހުރިހާ މަންޒަރެއް ކަރުނުން ފުރިފައިވާ ދެ ލޮލުން ބަލަން ޒޫރިންއަށް ހުރެވުނީއެވެ. އީތަންގެ ތުނިކޮށްހުރި ތުނބުޅިމަތިމަސް ޒޫރިންއަށް ފާހަގަވުމުގެ އިތުރުން އެ މޫނު އެއްކޮށް މިލާފައިވާތަން ފެނި ހިތަށް ތަދުވިއެވެ. އެހެންނަމަވެސް އީތަންގެ ކުރިމަތީ އޭނާ ހިތްހަރުމީހަކަށްވުމަށް މަސައްކަތް ކުރިއެވެ. ތިރީތުންފަތުގައި ދައިގަންނަމުން އިހުސާސްތައް ހިފަހައްޓަން ޒޫރިން މަސައްކަތްކުރިއެވެ. އެތައް އިރެއްވީފަހުން އީތަން އިސްއުފުލާ އޭނާގެ ނަޒަރު ދަރިފުޅާ ވަކިކޮށްލާފައި ޒޫރިންއަށް ބަލާލިއެވެ. އަދި އަތުގައި އޮތް ދަރިފުޅު ޒޫރިންއަށް ދައްކާލާފައި އެކުއްޖާގެ ނިތުގައި ބޮސްދިނެވެ. އޭރު އެ ދެލޮލުން ފައިބާ ކަރުނައިން ދެ ކޯތާފަތުގައި ރޮނގުހަދާލައިފިއެވެ. މަޑުމަޑުން ކުޑައެނދުގައި ދަރިފުޅު ބާއްލުމާއެކު ޒޫރިންގެ ގާތަށް އީތަން އަންނަންފެށިއެވެ. އެހިނދު ޒޫރިންއަށް ފަހަތަށް ފިޔަވަޅު އަޅާލެވުނެވެ. އޭނަ ފަހަތަށް ދާނޭތަނެއް ނެތެވެ. ކުޑަދޮރުގައި ޖެހިފައި ހުއްޓުން އެރިގޮތަށް ހުރެވުނީއެވެ.

“ރީން… އަހަންނަށް ކަންތައްކުރެވުނީ ވަރަށް ގޯސްކޮށް. އެއީ އަހަރެންގެ މުޅި އުމުރުގައި ވެސް ހެދޭނޭ އެންމެބޮޑު ގޯސް… ޤަބޫލުކުރަން ރީންއާއެކުގައިކަން އަހަރެން ހުންނަންޖެހޭނީ. އަހަރެން އެނބުރި އަންނަންޖެހޭނެ… ރީންއާއެކު އަހަރެންގެ ހުރިހާ ވަގުތެއް ހޭދަކުރަންޖެހޭނެ…އެއީ އަހަރެން ކަންތައްކުރަންޖެހޭނޭގޮތް” އީތަން ވާހަކަދައްކަމުން ދިޔައިރު ޒޫރިންއާ ހަތަރުކަޅި ހަމަކުރުން ފަސޭހައެއްނުވިއެވެ.

“އިހުސާސްވީތަ؟” ދެބުމަ ކައިރިކޮށްލަމުން ޒޫރިން ބުނެލިއެވެ.

“ވަރަށް ބޮޑަށް… ރީންއާ ނުލާ އަހަންނަށް އެއްވެސް އުފަލެއްނުލިބޭނެ. އެކަމަކު އެކަން އިހުސާސްމިވީ މާފަހުން… ޕްލީޒް ރީން. އަހަރެންގެ ގާތަށް އެނބުރި އާދޭ. އަހަރެން ރީން ބޭނުން… އަހަންނަށް އެނގޭ ރީންއަށް ވެސް އަހަންނާ ނުލާ އުފަލެއް ނުލިބޭކަން” އީތަން އާދޭސްކުރިއެވެ.

“އަހަންނަށް އީތަންއާ ނުލާ އުފަލެއް ނުލިބޭނޭކަން ކިހިނެއް އީތަންއަށް އެނގެނީ”

“އެންމެނަށް އެނގޭ ރީން އުފަލުގައި ނޫންކަން ތިހުރީ…”

“އަހަންނަށް އަދިވެސް ޔަޤީނެއްނުވޭ އީތަންގެ ދުލުންނޭ ތި ހުރިހާ ވާހަކައެއް ތި ދައްކަނީ. އޭރު އަހަރެން ލޯބިވާކަން ނޭނގުނު މީހަކަށް މިހާރު ކިހިނެއް ހުރިހާ ކަމެއް އެނގެންވީ… ހަނދާންނެތުނީތަ އަހަރެން އެރޭ ފޮނުވިހާ މެސެޖުތައް. ހަނދާންނެތުނީތަ އަހަރެންގެ މަންމަ އީތަންގެ ފައިބުޑަށްވެއްޓި ކުރި އާދޭސް…. ކީކޭ ބުނީ…. އިނދެލާފައި ވަރިކޮށްލަން ވިޔަސް އަހަންނާ ކައިވެނިކުރާށޭ…” ކަރުނުން ދެ ކޯތާފަތް ތެމެމުން ދިޔައިރު ވެސް ޒޫރިންގެ އަޑުގައި ހުރީ ޖަދަލުކުރުމުގެ ރާގެވެ.

“ހަނދާންއެބަހުރި… އެކަމަކު ރީން… އެކަންތައްމަތިން ހަނދާންނައްތާނުލެވޭނެތަ؟”

“ކިހިނެއް ހުރިހާ ކަމެއް ހަނދާންނެތޭނީ… ބުނެބަލަ…. ކިހިނެއްހޭ ހަނދާންނައްތާލާނީ….” ޒޫރިންއަށް ކުރިއަސަރާއެކު އީތަންއާ ސުވާލުކުރަމުން އޭނާގެ މޭގައި އަތްއަޅައި ދެފަހަރަކު ކޮއްޕާލިއެވެ.

“އަހަންނަށް ކުރެވުނީ ކުށެއްކަން އަހަރެން ޤަބޫލުކުރަމޭ. ރީންއަށް އަހަރެންގެ ހިތުން ދެވުނު މަޤާމާމެދު އަހަންނަށް ކުރިން ވިސްނާލެވުނުނަމަ… ރީންއާ ބައްދަލުވީއްސުރެން އަހަރެންގެ ހިތް ބުނަމުން އައީ އެއްވާހަކައެއް… ރީންއާ އެހެން އެއްވެސް އަންހެންކުއްޖާ އެއްވަރެއްނުވާނޭކަން. އަދި އަހަރެން އެންމެ ފުރަތަމަ ރީންއާއެކު ރޭކުރި ރެއިން ފެށިގެން ރީންއަކީ އަހަންނަށް ވަރަށް ޚާއްޞާމީހަކަށް ވެގެންދިޔަ… އެ ޚާއްޞާވި މިންވަރު އަހަންނަށް ކުރިން ސާބިތުކޮށް ނުދެވުނީމާ މިހެންމިވީ… ހުރިހާ ކަމެއް ވެސް އަހަރެން ޤަބޫލުކުރަން… ރީން ތި ދައްކަނީ ތެދުވާކަތަކެއް. ކުއްވެރިއަކީ އަހަރެން… މި ވާހަކަތަކުން އަހަރެންގެ ހިތަށް ވެސް ތަދުވެޔޭ…” އީތަން އިސްޖަހާލިއެވެ.

“ދެން އެހެންވީރު ކުރިން ހުރިހެން އެއްވެސް ވާހަކައެއް ނުދެއްކީމަ ނިމުނީނު. ވަގުތާއެކު ހުރިހާ ކަމެއް ވެސް ބަދަލުވެއްޖެ” ޒޫރިން ދެއަތްހުރަސްކޮއްލާ އެއްއަތުން އަނެއްއަތް ހިފަހައްޓާލުމާއެކު އީތަންއާ ދުރަށް މޫނު އަނބުރާލިއެވެ.

“ނޫން… ތިހެނެއްނުވާނެ… ދުވަހަކު ވެސް ނުވާނެ… ރީންއަކީ އަހަރެންގެ މީހެއް. އަހަރެން ރީން ހޯދާނަން… ކުރިން ވެސް މިހާރު ވެސް އަދި ކުރިއަށް އޮތްތަނުގައި ވެސް އިރާދަކުރެއްވިއްޔާ ރީންވާނީ އަހަރެންގެ މީހަކަށް… ހަމައެކަނި އަހަރެންގެ…. ވަގުތާއެކު އެއްކަމެއް ވެސް ބަދަލެއްނުވާނެ…” އީތަންގެ ޠަބީޢަތަށް ކުއްލި ބަދަލެއް އައެވެ. އަދި ހަރުކަށިކަމާއެކު ޒޫރިންއަށް އިނގިދިއްކޮށްލާފައި އޭނާގެ ވާހަކަތައް ބުނެލީ ނުހަނު ސާބިތުކަމާއެކު ކެރިހުރެގެންނެވެ. އެ ވާހަކަތަކުގެ ތެދުކަން ޤަބޫލުކުރަން ބޭނުންނުވި ނަމަވެސް ޒޫރިންގެ ހިތް އީތަންއަށްޓަކައި ތެޅިލިއެވެ. އީތަންއަށް މާބޮޑަށް ރޮވެންފެށިއެވެ. އެއާއެކު އޭނާ ޒޫރިންއަށް ފުރަގަސްދިނެވެ. އަދި ދެ އަތުން ލޯ ފުހެންފެށިއެވެ. އެހިނދު އޭނާގެ ލޮލުގައި އަޅައިގަތީ އެނދުގައި ބޮނޑިފައި އޮތް ހެނދުމެވެ. އެއާއެކު އޭނާގެ ހަނދާންތައް އާވެގެންދިޔައެވެ. އީތަން އާއި ޒޫރިން ބައްދަލުވި ޕާޓީގެ މަތިންނެވެ. ޓިޝޫކޮޅުގައި ނަންބަރު ލިޔެލާފައި އީތަންގެ ކުރިމަތީ ބާއްވާފައި ދިޔަ ގޮތެވެ. ވަގުތުން އީތަން އެނބުރި ޒޫރިންއަށް ބަލާލިއެވެ. އަދި ޒޫރިންގެ އަތުގައި ހިފާލުމާއެކު އޭނާ ގެނެސް އެނދު ކައިރީ ބެހެއްޓިއެވެ.

“މީ އެރޭ ޕާޓީގައި ރީން ލައިގެން ހުރި ހެދުން… އަހަރަކަށްވުރެ ގިނަސްދުވަސް ފާއިތުވެ ދިޔައިރު މިއަދު މި އެނދުގެ މަތިން މި ހެދުން ފެނުމަކީ ރީން އަހަރެންގެ މަތިން ހަނދާންނުނެތޭކަމުގެ ހެއްކެއް. ތިހިތް ވަގުތާއެކު ބަދަލުވިނަމަ މި ހެނދުމެއް މިތާކު ނޯތީސް…”

“އަހަރެން ބޭނުމެއްނޫން އިތުރަށް އާދޭސްކުރާކަށް… ފިރިހެނެއްގެ ކުރިމަތީ ދެން ދުވަހަކު ވެސް އަހަރެން ސަލާމެއްނުޖަހާނަން. ލޯތްބެއް ބޭނުމެއްނޫން…”

“ރަނގަޅު… އަހަރެން ވެސް ބޭނުމެއްނޫން ރީން ދުވަހަކު ވެސް އާދޭސްކުރާކަށް. ދެން ދުވަހަކު ވެސް ރީން ހިތާމައެއްކުރާކަށް… އެނގޭ ރީންގެ ހިތުގައި ޖެއްސުނީ ދުވަހަކު ވެސް އެއްވެސް އިންސާނަކު އަނެއްއިންސާނާގެ ހިތުގައި ނުޖައްސާނޭ މިންވަރަކަށްކަން… ޕްލީޒް… ރީން… އަހަންނަށް ދެވަނަ ފުރުޞަތެއްދީ… ރީންގެ އަންނަން އޮތް ދުވަސްތައް އުފަލުން ފުރައިދޭނަން… އެންމެ ހިނދުކޮޅަކަށް ވެސް އެކަނިވިޔަކަ ނުދޭނަން… ތިހިތް ފުރޭވަރަށް ލޯބި ދޭނަން… ޝަކުވާކުރާނޭ ފުރުޞަތެއް އިރާދަކުރެއްވިއްޔާ ނުދޭނަން… ރީން ބޭނުންވި ފަދައިން އިންނާނީ އަހަރެންގެ އަނތްބެއްގެ ގޮތުގައި… ޕްލީޒް ޕްލީޒް… އަހަންނަށް އެއް ފުރުޞަތުދީ، މިބުނި ހުރިހާ ކަމެއް ސާބިތުކޮށްދޭނަން” އީތަން އައިސް ޒޫރިންގެ ދެއަތުގައި ހިފާލުމާއެކު އޭނަގެ ކުރިމަތީ ދެ ކަކޫ ޖަހާލިއެވެ.

“ހުރިހާ ކަމެއް ބަދަލުވެއްޖެ… އަހަރެން ބޭނުންވިޔަސް އަހަންނަކީ ކުރީގެ ރީންއެއްނޫން… އެ ރީތިކަން ގެއްލިއްޖެ…” ގިސްލެވިފައި ޒޫރިން ބުނެލިއިރު އެ އަޑު މުޅިން ބަދަލުވެއްޖެއެވެ. އީތަންގެ ހިތް ފޫއަޅުވާލި ފަދަ މަޑުމައިތިރިކަމާއި ފުންއަސަރު އެ އަޑުގައި ވިއެވެ. އިސްއުފުލާ އީތަން ބަލާލިއިރު ޒޫރިން ހުރީ ދެ ލޯ މަރާލައިގެން މޫނު އެއްފަރާތަށް އަނބުރާލައިގެންނެވެ.

“ތިހެން ނުބުނޭ ރީން… އަދިވެސް އަހަންނަށް ރީންގެ ރީތިކަމެއް ނުގެއްލޭ. ނުވެސް ގެއްލޭނެ… ނިކަން އަހަރެންގެ ލޮލުން ބަލާބަލަ… ރީންގެ ފުރިހަމަކަން ޔަޤީންވާނެ…” ކުއްލިއަކަށް އީތަން ތެދުވިގޮތަށް ރީންގެ ދެ ކޯތާފަތުގައި ހިފާ އޭނާގެ މޫނާ ދިމާއަށް އުފުލާލިއެވެ. އަދި ހަތަރުކަޅި ހަމަކޮށްލައިގެން ހުރެ ވާހަކަދެއްކިއެވެ.

“އީތަން ފަދައިން ޕްރެކްޓިކަލް މައިންޑެއްނޫން އަހަންނަށް ލިބުނީ…. އަހަރެން ނިންމުން ނިންމަނީ އަހަރެންގެ ސިކުނޑިއަކުން ނޫން… އަހަރެންގެ ހިތުން…. އެ ހިތަށް ލޯބިވާން ދަސްވިގޮތަށް ލޯބި ފުހެލާކަށް ނޭނގުނު… ތަދުވަނީ އެހެންވެ…”

“އޯ ރީން… ދެން ހެޔޮ… އަހަރެން މިހިރީ އަހަރެންގެ ރީންއަށްޓަކައި އައިސް…. ރީންގެ ލޯތްބަށްޓަކައި އައިސް… އަލުން އަހަރުމެން ދެމީހުންނަށް އުފަލުގައި އުޅެވިދާނެ… އަހަރެންގެ ނިންމުން އެ ދުވަހު ގޯސް، އެކަމަކު މިއަދު ރީން ނިންމާގޮތެއް އެނގޭނީ ހަމަ ރީންއަށް. މިއަދު އަހަރެން ނިންމުން ނިންމަން ދޫކޮށްލާނީ ރީންގެ އަތްމައްޗަށް. ކޮންމެ ގޮތަކަށް ނިންމި ނަމަވެސް އަހަރެން ޤަބޫލުކުރާނަން… އެނބުރި ދާނީ އުފަލުން… ރީން ނިންމާނީ އެންމެ ރަނގަޅަށްކަން އެނގޭތީވެ…”

ބާރަށް ރޮއެގަތުމާއެކު އީތަންގެ މޭގައި ޒޫރިން މޫނު ފޮރުވާލިއެވެ. އީތަންއަށް އުފަލުން ގޮސް ޒޫރިން އުރާލެވުނެވެ. އަތުގެތެރޭ ކުޑަކުއްޖަކު ފަދައިން ޒޫރިން ހިފަހައްޓާލައިގެން މޭގައި ބޮނޑިކޮށްލައިގެން އީތަން ހުއްޓެވެ. އަދި އެތައް ފަހަރަކު ޒޫރިންދެކެ ލޯބިވާކަން ހާމަކުރަމުން ދިޔައެވެ. އެކަކަށްވުރެ އަނެކު ބާރަށް ބައްދާލައެވެ. އެތަކެއް ޒަމާންތަކަކަށް ވަކިވެފައިވާ ދެ ލޯބިވެރިން ފުރަތަމަ ފަހަރަށް ބައްދަލުވި ކަހަލައެވެ. ޒޫރިންއަށް އަނގަޔަކުން ނުބުނެވުނެވެ. އޭނާގެ ލޮލުން ހިފެހެއްޓުމެއްނެތި ކަރުނަ ފައިބަމުން ދިޔަ ނަމަވެސް އެހިތަށް މިހާރު ތަދެއްނުވެއެވެ. އަޖައިބެއް ފަދަ ޝީފާއެއް ލިބިގެންދިޔައީއެވެ. އީތަންގެ ކަރުނައިން ޒޫރިންގެ ހިތުގެ ޒަހަމްތައް ފަސޭހަކޮށްދީފައެވެ. މަޑުމަޑުން ކުޑަދޮރުގެ ކައިރީ އީތަން އިށީނެވެ. އޭނާގެ އުނގުތެރޭގައި ޒުރީން ހިފަހައްޓާލައިގެން އިނެވެ.

“އައި އެމް ރިއަލީ ސޮރީ ލަވް… ދުނިޔޭގެ އެންމެންގެ ތެރެއިން އަހަރެން އެންމެ ލޯބިވާ އަންހެންކުއްޖަކީތީ… ދެން ދުވަހަކު ވެސް ތިހިތުގައި ނުޖައްސާނަން” ޒޫރިންގެ ބޮލުގައި މޫނުޖައްސާލައިގެން އިނދެ އީތަން ބުނެލިއެވެ. އެގޮތުގައި އެތައް އިރަކު ދެމީހުން ތިއްބެވެ.

ޒޫރިންގެ ކޮޓަރީގައި އީތަން އެތައް އިރެއްވުމާއެކު ރާބިއާ އާއި ރޭޝްމާ ކަންބޮޑުވިއެވެ. އެހެންވެ ނުތިބެވިގެން ޒޫރިންގެ ކޮޓަރީގެ ދޮރުހުޅުވާލިއެވެ. ދެމީހުން ވެސް ސިހުނީ ޤަބޫލުކުރަން ދަތި މަންޒަރެއް ފެނުމުނެނެވެ. އީތަންގެ އަތުގެ ތެރޭގައި ޒޫރިން އިން ތަން ފެނިފައެވެ. އެ ދެމީހުންގެ ފަރާތުން ފެންނަނި ހަމަޖެހިފައި ތިބިކަމެވެ. ޒޫރިންގެ ގައިން ދޫކޮށްލަން ބޭނުންނުވެފައި އިންހެން އީތަން އިންއިރު އޭނާގެ އަތުގެ ތެރެއިން ނުކުންނަން ބޭނުންނުވެއި ޒޫރިން އޮތް ފަދައެވެ. ލޯ މަރާލައިގެން ދެ މީހުން ތިބިއިރު ދެ ހިތް ގުޅިލާމެހިފައިވާ ކަހަލައެވެ. ރާބިއާ ހިނިތުންވެލުމާއެކު ރޭޝްމާގެ ކޮނޑުގައި އަތްޖައްސާލިއެވެ. އެހިނދު އެ ދެމީހުން އެކަކު އަނެކަކަށް ބަލާލި ގޮތުން ހީވީ އެއީ ޒޫރިން އާއި އީތަންގެ ފަރާތުން އެމީހުން ބޭނުންވާ ގޮތް ހެންނެވެ. ހިނިތުންވެލައިގެން ހުރެ ކޮޓަރިތެރެއަށް ވަދެ ރޭޝްމާ ކަރުކެހިލިއެވެ. އެއާއެކު އީތަން ލޯ ހުޅުވާލިއެވެ. ކުރިމަތީ ތިބި ރޭޝްމާ އާއި ރާބިއާ ފެނިފައި އޭނާއަށް ތެޅިގަނެވުނެވެ. ޒޫރިން ދުރަށް ޖައްސާލެވުނެވެ. އެއާއެކު ޒޫރިންއަށް ވެސް ރޭޝްމާ އާއި ރާބިއާ ފެނިއްޖެއެވެ. ދެ ކުއްވެރި ފަދައިން އީތަން އާއި ޒޫރިން ފުންމައިގެން ތެދުވިއެވެ.

“އަލްހަމްދުލިއްﷲ! ރޭޝްމާ… ކައިވެނީގެ ތާރީޚު ކަނޑަ އަޅަން ފެނޭ” ރާބިއާ ދެ ކުދިންނަށް ބަލަން ހުރެ ބުނެލިއެވެ.

“މިއަދު އަޅުގަނޑު އިތުބާރު ކުރާނީ އީތަންގެ މާމައަށް…. އީތަން ޖެހޭނީ އަޅުގަނޑުގެ އިތުބާރު ހޯދަން މަސައްކަތްކުރަން. އަޅުގަނޑުގެ ގެއްލިފައިވާ ދަރިފުޅު ހޯދައިދެވޭނީ ހަމައެކަނި އީތަންއަށް… އެ ދަރިފުޅުގެ އުފަލަށް ޓަކައި އަޅުގަނޑު ނުކުރާނެކަމެއް ނޯންނާނެ” ރޭޝްމާ އައިސް ޒޫރިންގެ ބޮލުގައި ފިރުމާލިއެވެ. ޒޫރިން އޭނާގެ މަންމަގެ ގައިގާ ބައްދާލިއެވެ.

“މަންމަ އީތަންއަށް މާފުކުރާނަންތަ؟ އޭނާއަށް އަދި އެއްފުރުޞަތު ދޭނަންތަ؟” ޒޫރިން ކުރި ސުވާލާއެކު ރޭޝްމާ އޭނާގެ ދަރިފުޅަށާއި އީތަންއަށް ބަލާލިއެވެ.

ރޭޝްމާ އޭނާގެ ދަރިފުޅާ ހަތަރުކަޅި ހަމަކޮށްލައިގެން ހުއްޓެވެ. އޭނާ އާއި ތަހުސީނާ ދެމީހުން އެ ދަރިފުޅުގެ ހިތްހަމަޖައްސައިދިނުމަށް އެތައްކަމެއް މިހާތަނަށް ވަނީ ކޮށްދީފައެވެ. އެހެންނަމަވެސް މިހާރު ޒޫރިންގެ ލޮލުން ފެންނަން ހުރި އާރޯކަމުގެ ވިދުން އެމީހުންގެ އެއްވެސް މަސައްކަތަކުން ގެނެހެއް ނުދެވުނެވެ. ހިތްދަތިކަމުގެ ވަރުގަދަ ހިސޯރެއްގައި އެ ދަރިފުޅު ބަނދެވިފައިވީއިރު އެކަމުން ސަލާމަތްކޮށްދޭނޭ މަގެއް އެމީހުންނަކަށް ނުފެނުނެވެ. އެކަމަކު މިއަދު އެ ހުރިހާ ހިތްދަތިކަމެއް އެ ދަރިފުޅުގެ ކިބައިން ފިލައި ހިނގައްޖެކަމުގެ އިހުސާސް ރޭޝްމާއަށް ކުރެވިއްޖެއެވެ. ޒޫރިންގެ އުފާވެރިކަން ގުޅިފައިވަނީ އީތަންއާއެވެ. އޭނާ ނޫން މީހަކަށް ޒޫރިންގެ ޒަހަމްވެފައިވާ ހިތަށް ޝިފާ ހޯދައެއް ނުދެވޭނެއެވެ. ކުރީގެ ޒޫރިން އަނބުރާ ރޭޝްމާއަށް ގެނެސްދޭނޭ މީހަކީ އީތަންއެވެ. ދަރިފުޅުގެ ނިތްކުރީގައި ބޮސްދީފައި ރޭޝްމާ ހިނިތުންވެލިއެވެ. އަދި އިސްޖަހާލައިގެން ކުށްވެރިއަކު ފަދައިން ހުއްޓި ހުރި އީތަންއަށް ބަލާލިއެވެ. ގާތްކޮށްލައިގެން ހުރި ޒޫރިންގެ އުނަގަނޑުން އަތްނައްޓާލާފައި ރޭޝްމާ އައިސް ހުއްޓުނީ އީތަންގެ ކުރިމަތީއެވެ.

“ޒޫރިންދެކެ ލޯބިވޭތަ؟ މުޅި އުމުރު އޭނާ އުފަލުގައި ބެހެއްޓޭނަތަ؟” ރޭޝްމާ ސުވާލުކޮށްލިއެވެ.

“އެކަމަށް ވަޢުދުވަން… ދުވަހަކު ވެސް ރީން ދެރަވާވަރުކަމެއް ނުކުރާނަން… ބޭނުންވަނީ ރީންއާ ކައިވެނިކުރަން” ރޭޝްމާއަށް ޖަވާބުދެމުން އީތަން ބަލާލީ ޒޫރިންއަށެވެ.

“ރީން ނިންމާގޮތަކާއި އަޅުގަނޑާއި ތަހުސީނު ރުހޭނަން. ކައިވެނި ކުރަން ރީން ބޭނުންވާނަމަ އަޅުގަނޑު ތަހުސީނާ ވާހަކަދައްކާފައި އީތަންގެ މާމައަށް ގުޅާލާނަން” އީތަންގެ ކައިރީ ހުރި ރާބިއާއަށް ބަލާލާފައި ރޭޝްމާ ބުންޏެވެ.

“އަޅުގަނޑުމެންނަށް އެންމެ ރަނގަޅު. ރީން އާއި އީތަންއާ ދެކުދިން ބޭނުންވާ ގޮތަށް މި ކައިވެނި ކުރިއަށް ގެންދަން ބޭނުންވަނީ ވެސް. އެހެންވީމަ ރީންގެ ޢާއިލާއިން ނިންމާ ކޮންމެ ގޮތެއް އަޅުގަނޑުމެން ވެސް ޤަބޫލުކުރާނަން. ވީހާ ވެސް ބޮޑަކަށް ދެ ޢާއިލާ ގުޅިގެން ކަންތައްތައް ކުރިއަށް ގެންނަން އަޅުގަނޑު ބޭނުން… މިހާރު މީ ދުރުބައެއް ނޫންތާ” ރާބިއާ ހިނިތުންވެލިއެވެ. އޭނާގެ ވާހަކަތަކަށް އެއްބަސްވުމުގެ ގޮތުން ރޭޝްމާ ބޯޖަހާލިއެވެ.

ރޭޝްމާއާއެކު ރާބިއާ ކޮޓަރިން ނުކުތެވެ. އޭރު ވެސް ރާބިއާ ކޮންމެވެސް ވާހަކައެއް ދައްކަމުންދިޔައެވެ. ކޮޓަރީގެ ދޮރު ކައިރީ އީތަން މަޑުކޮށްލާފައި އެނބުރި އެތެރޭގައި ހުރި ޒޫރިންއަށް ބަލާލިއެވެ. ޒޫރިންއާ ދުރަށް ދާން އީތަން ބޭނުންނުވާ ކަހަލައެވެ. ޒޫރިން ހިނިތުންވުމެއް އީތަންއާ ބަދަލުކޮށްލާފައި ނިތްއަރުވާލިއެވެ.

“އީތަން… ދެން ހިނގާ ގެއަށްދަމާ” ރާބިއާގެ އަޑު އީތަންއަށް އިވުނެވެ. އެއާއެކު ރާބިއާއަށް ބަލާލާފައި ކޮޓަރިތެރޭ ހުރި ޒޫރިންއަށް ބަލާލިއެވެ.

“އަހަރެން ގުޅާލިޔަސް އެންމެ ރަނގަޅުތަ؟ ފޯނަށް ޖަވާބު ދޭނަންތަ؟” އީތަން އަހާލީ ޒޫރިންގެ ގާތުގައެވެ. މަޑުމަޑުން ބޯޖަހާލާފައި ޒޫރިން އައިސް އީތަންގެ ގާތުގައި ހުއްޓުނެވެ. އެއާއެކު ޒޫރިންގެ ދެއަތްތިލާގައި އީތަން ހިފައި ބާރުކޮށްލިއެވެ.

“އަދި އަންނާނަންތަ؟” ކެތްތެރިކަން ކުޑަވެފައި ހުރި ފަދަ ގޮތަކަށް ޒޫރިން އަހާލިއެވެ. އީތަން ހިނިތުންވެލަމުން ޒޫރިންގެ ކޯތާފަތުގައި ފިރުމާލާފައި ބޯޖަހާލިއެވެ. އެވަގުތު ރާބިއާ އަނެއްކާ ވެސް ގޮވާލައިފިއެވެ.

“ދަނީ…” އީތަން މިހެން ބުނެލިއިރު އޭނާގެ ދެ ލޮލުން ފާޅުވަމުންދިޔައީ ޒޫރިންއާ ދުރަށް ދާން ބޭނުންނުވާކަމުގެ އަސަރެވެ. އެހެންނަމަވެސް ރާބިއާގެ ބަސް ޤަބޫލުކުރިއެވެ.

ރާބިއާ އާއި އީތަން ނުކުންނަން ދިއުމުން އެމީހުންގެ ފަހަތުން ދިޔަ ރޭޝްމާއާއެކު ޒޫރިން ވެސް އައެވެ. ދޮރޯށި ލައްޕާލާފައި ރޭޝްމާ ސިޓިންގރޫމަށް އައިސް ވަނެވެ. އެއާއެކު އޭނާގެ އަތުގައި ޒޫރިން ހިފާލިއެވެ.

“މަންމާ… ކީއްވެ ނުބުނީ އީތަންއަށް މާފުކޮށްފީމޭ؟ އީތަންއަށް އިތުބާރު ނުކުރާތީތަ؟” ޒޫރިން ސުވާލިކޮށްލިއެވެ.

“އީތަންއަށް މަންމަ މާފުކޮށްފިން. ރީން އޭނާއަށް އިތުބާރު ކުރަންޏާ މަންމައަށް އެވަރު ފުދޭ… ކުރިން ވެސް މަންމައަށް އެނގޭ ރީންއަށް އީތަންއާ ވަކިވުމަކީ ވުމަށްވުރެ ނުވުން ގާތްކަމެއްކަން. ދަރިފުޅު އެއަށްވުރެ އީތަންދެކެ މާ ލޯބިވޭ… ތި ދޭތެރެއަށް މަންމަ ވަންނާނޭ ހީނުކުރޭ… ދަރިފުޅުގެ އުފަލަކީ މަންމަގެ އުފާވެރިކަން. މިއަދާ ހަމައަށް އައިއިރު ރީން ބޭނުންވާ ހުރިހާ ކަމެއް މަންމަ ކޮށްދިނިން. އުންމީދު ކުރަނީ ދަރިފުޅު ބޭނުންވާ ފަދަ ރަނގަޅު މަންމައަކަށް ވެވުނު ކަމަށް”

“މަންމާ! ޔޫ އަރ ދަ ބެސްޓު… އަޅުގަނޑު އެންމެ ލޯބިވަނީ މަންމަދެކެ… މިއަދު އީތަންއާ ގުޅިގެން ނުވާނެކަމަށް މަންމަ ބުނިނަމަ އަޅުގަނޑު އޭނާއަކާ ނުގުޅޭނަން… އެކަމަކު އަޅުގަނޑުދެކެ ވާ ލޯބީގައި މަންމަ އެހެން ނުބާނެކަމުގެ ޔަޤީންކަން ވެސް ހިތުގައި އޮތް. އެހެންވެ މިބުނީ އެންމެ ލޯބިވަނީ މަންމަދެކެއޭ. އަޅުގަނޑު ބޭނުންވާ ހުރިހާ ކަމެއް މަންމައަށް އެނގޭ…” ރޭޝްމާގެ ކޮނޑުގައި ދެއަތްތިލަ އަޅުވާލަމުން ޒޫރިން ހިނިތުންވެލިއެވެ.

“ދަރިފުޅު ތިހިރީ އުފަލުން ދޯ”

“ލައްބަ މަންމާ… މިއަދު ހަޤީޤަތުގައި ވެސް މިހިރީ ވަރަށް އުފަލުން. އީތަންގެ މާމަގެ ހެޔޮކަން ފެނިފައި ހިތަށް އެރި އެގޭ މީހުން ވެސް އެހާ ރަނގަޅުވާނެބާއޭ”

“އީތަންގެ ޢާއިލާއަކީ ރަނގަޅު ޢާއިލާއެއް… ބައްޕައަށް ވެސް ވަރަށް ކަމުދޭ އެމީހުން… ކިތަންމެ ރަނގަޅު ތަރުބިއްޔަތެއް ލިބިފައި ހުއްޓަސް އިންސާނަކަށްވީތީ ކުށެއް ކުރެވިދާނެ. އެކަން އަހަރުމެން ޖެހޭނެ ޤަބޫލުކުރަން. ތަޢުބާވުން އޮންނަނީ އެހެންވެ”

“ކޮންއިރަކުން ބައްޕަ އަންނާނީ… އަޅުގަނޑު ކައިވެނި ކުރަން ބޭނުންވަނީ ބައްޕަ ކަނޑައަޅާ ތާރީޚެއްގައި”

“ބައްޕައަށް ގުޅާފައި ބުނަންތަ؟ އޭރުން ހަމަ ޔަޤީން އެ ހުރި ތަނަކުން ވަގުތުން ގެއަށް އަންނާނެ. ރީންއާ މެދު މަންމައަށްވުރެ ވެސް ބޮޑަށް ބައްޕަ ކަންބޮޑުވޭ… ބައްޕަ ހިތާމަކުރޭ ދަރިފުޅަށް ދިމާވިގޮތުން… ބައްޕައަށް ކުރެވުނު ކުށް ބައްޕަގެ ދަރިފުޅު ވެސް ނޭނގުމުގެ ތެރޭ ކުރީތީ. އީތަންއަކީ ރަނގަޅު ކުއްޖެކޭ ބައްޕަ ވެސް ބުނި. ބައްޕަ އެދޭކަމެއް އެއީ ރީން އާއި އީތަން ކައިވެނިކުރުން. އެކަމަކު އީތަން ހޯދަން ދާން ނުކެރިފައި ހުރީ ކަންތައްވީގޮތުން” ރޭޝްމާ ބުންޏެވެ.

ރޭޝްމާ އާއި ޒޫރިން ވާހަކަދައްކަމުން އައިސް ޒޫރިންގެ ކޮޓަރިއަށް ވަނެވެ. އޭރު ޝަމްޢާނު ރޮނީއެވެ. ޒޫރިން އަވަސްވެގަތީ ދަރިފުޅު ނެގުމަށެވެ. އެކަކު ވެސް ފެންނަން ނެތުމުން ޝަމްޢާނު ރޯންފެށީކަމުގައި ޒޫރިން އާއި ރޭޝްމާ ހީކުރިއެވެ.

* * * *

“ތިހެން އެއްދިމާއަކަށް ގެއްލިފައި އިންނަތާ ކިހާއިރެއްވެއްޖެކަން އެނގޭތަ؟” ކައިލަން ބުނެލިއެވެ. އެއާއެކު ބީޗުގޮނޑީގައި މޫދާ ދިމާއަށް ނަޒަރު ހުއްޓާލައިގެން އިން ޖަޒްލާ އިސްއުފުލާލަމުން ކައިރީގައި ހުރި ކައިލަންގެ މޫނަށް ބަލާލިއެވެ. އެ މޫނަށް އިރުކޮޅަކު ބަލަން އިނުމަށްފަހު ބޮލުން ފެށިގެން ފައިތިލައާ ހަމައަށް ނަޒަރު ހިންގާލާފައި ފައިންފެށިގެން ބޮލާ ހަމައަށް ވެސް އޭނާ ނަޒަރު ހިންގާލިއެވެ.

“ކިހިނެއްވީ؟” ޖަޒްލާގެ މި ކުޑަކުޑަ ހަރަކާތާމެދު ކައިލަން ސުވާލުކުރިއެވެ.

“މިތާ އިށީނދެބަލަ” ކައިލަންގެ އަތުގައި ހިފާ ދަމާލަމުން ޖަޒްލާ ބުނެލިއެވެ.

“ވަރަށް ބަނޑުހައި ވެގެންނޭ މިއައީ…” ޖަޒްލާ އިށީނދެ އިން ދިގު ބީޗުގޮނޑީގެ އަނެއްފަރާތުން އިށީންނަމުން ކައިލަން ބުނެލިއެވެ.

“އެހެންވީރު ހިނގާ” ކުއްލިއަކަށް ޖަޒްލާ ތެދުވިއެވެ.

“އޭތް! ރުޅި އައީތަ؟ މިތާ މަޑުކޮށްލާފައި ވެސް ދެވިދާނެ” ކައިލަން ބުނެލިއެވެ.

“ރުޅިއެއް ނާދޭ. ކައިލް ބަނޑުހައިވެފައޭ ބުނީމަ މި ތެދުވީ. ދެން ހިނގާ ކާން. މަވެސް ކާނަމޭ” ޖަޒްލާ ހިނިތުންވެލިއެވެ.

ޖަޒްލާ އޭނާގެ ސިކުނޑީގައި އެނބުރެމުންދާ ޚިޔާލުތައް އޮއްބާލިއެވެ. ހެނދުނުގެ ވަގުތެއްގައި ކައިލަންއާއެކު ޖަޒްލާ އަރިއަތޮޅުގެ ރިސޯޓަކަށް އައީ ކައިލަންގެ އެދުމަކަށެވެ. އައިއިރު ވެސް އޭނާގެ ސިކުނޑީގައި ވަނީ އެ ޚިޔާލުތައް އުފެދިފައެވެ. ކާމީލު އާއި އިނާޔާއާ ވެގެން ޖަޒްލާ އެމީހުންގެ ކޮޓަރިއަށް ގެންގޮސް ދެއްކި ވާހަކަތަކުގެ ސަބަބުންނެވެ. ކާމިލުއާ އަފީފު ބައްދަލުކޮށް ވަނީ ޖަޒްލާގެ ކައިވެނި ކައިލަންއާ ކުރުމަށް އެދިފައެވެ. އަދި އެކަމުގައި ކައިލަން ރުހޭކަމަށް ވެސް ބުނެފައެވެ. ޖަޒްލާއަށް އެހާވަރަށް ވިސްނެނީ އެކަމާއެވެ. ކައިލަންއަށް އޭނާގެ ބައްޕަ ކައިވެނީގެ ވާހަކަ ދެއްކިކަން އެނގޭއިރު އެކަމާ ޖަޒްލާއާ ވާހަކަނުދައްކަނީ ކީއްވެބާއޭ ޖަޒްލާގެ ހިތުގައި ސުވާލު އުފެދެނީއެވެ. އަނެއްކޮޅުން އޭނާގެ މައިންބަފައިން ވެސް ބޭނުންވަނީ ޖަޒްލާ މީހަކާ އިންނާށެވެ. ޚުދު ޖަޒްލާ ވެސް މިހާރު ބޭނުންވަނީ ދިރިއުޅުމެއް ފަށާށެވެ. އީތަންގެ ޚިޔާލުތަކުގައި ދުވަސްތައް ހޭދަކުރާކަށް އޭނާ ބޭނުމެއްނޫނެވެ. އެ ހަނދާންތަކާ ދުރުކޮށްދޭވަރުގެ ބައިވެރިއަކު ޖަޒްލާ ބޭނުންވެއެވެ. އެމީހަކީ ކައިލަންތޯ އޭނާގެ އަމިއްލަ ހިތާ ސުވާލުކުރެއެވެ. އެ ސުވާލުތަކަށް އޭނާއަށް ޖަވާބުދޭން ނޭނގުނަސް ސިކުނޑީގައި އީތަން ދެއްކި ވާހަކަތައް އެނބުރެމުންދެއެވެ.

“ޖޭޒް… ޑޭޑްރީމް ކުރަނީތަ؟ ކޮންކަމަކަށްތަ ގެއްލިފައި ތިހުންނަނީ” ކައިލަން އަނެއްކާ ވެސް ބުނެލިއެވެ. އޭނާއަށް ޖަޒްލާގެ މަޑުމައިތިރި މިޒާޖު ކަމަކު ނުދިޔައެވެ.

“ކައިލް މީހަކާ އިންނަން ވިސްނަންތަ؟”

“އާން! އަހަރެން ވެސް ދެން މީހަކާ އިންނާނެއެއްނު، ޖޭޒް ކުރާ ސުވާލު ދޯ… އަނެއްކާ އެކަމާތަ ތި ވިސްނަނީ؟ އަހަރެން މީހަކާ އިނދެފާނެތީތަ”

“ކީއްވެތަ ކައިލް ގާލްފްރެންޑެއް ނުގެންގުޅެނީ”

“ތީއެއްނު މަގޭ ގާލްފްރެންޑް…”

“ސީރިއަސްކޮށް ބުނެބަލަ… އަހަރެން މީ ކައިލްގެ ގާލްފްރެންޑްތަ؟ މިބުނީ ރަޙުމަތްތެރިއަކަށްވުރެ ގާތްހޭ” ޖަޒްލާ ވާހަކަދައްކަމުން ދިޔައިރު އޭނާ ކައިލަންގެ މޫނަށް ބަލަމުންދިޔައެވެ. ހީވަނީ ކައިލަންގެ ވާހަކައިގައި ހުރި ތެދުދޮގު އެ މޫނުން ފާޅުވާ އަސަރުތަކުން ވަކިކުރަން ބޭނުންވަނީ ހެންނެވެ.

“ކުއްޖަކާ ރައްޓެހިވީމަ ކިހިނެއް މިހެން ޖޭޒްއާއެކު އުޅޭނީ… އަދި އެކަހަލަ ކަމަކާ ނޫޅެން”

ކައިލަންގެ ވާހަކަތަކުގައި ސީރިއަސްކަމެއް ނެތެވެ. ހަމައެއާއެކު އޭނާ ކަމެއް އޮޅުންވާލާ ސިއްރުކުރާކަމުގެ އަސަރެއް ވެސް ޖަޒްލާއަށް ފާހަގައެއް ނުވިއެވެ. ދެ ޒުވާނުން އައިސް ރިސޯޓުގެ ރެސްޓޯރެންޓުގައި އޮތް ބުފޭއާ ކައިރިވެލިއެވެ. ތައްޓަށް ކާއެއްޗެހި އަޅައިގެން އައިސް މޭޒެއްގެ ދޮށުގައި އިށީނެވެ.

“ކައިލް! ސުވާލެއް ކޮށްލަންތަ؟”

“އަހަންނަށް ހީވަނީ ޖޭޒް ހަމަ އަސްލު ވެސް ކަމަކާ ހިތްހަމަނުޖެހިފައިހެން ތިއިނީ. އެހެންޏާ ތީ ތިގޮތަށް ހުއްދަ ހޯދައިގެން ވާހަކަދައްކާ މީހެއްނޫން. ސީރިއަސްކޮށް ބުނެބަލަ؟ އަހަންނަށް ކަމެއް ކުރެވުނީތަ؟”

“ކައިލް… އަހަންނާއެކު ތިއުޅޭ އުޅުމުގައި ދުވަހަކު ވެސް އަހަރެންދެކެ ލޯބިވީންތަ؟”

“ކިހިނެއްވީ؟ ލޯބިވާންވީތަ؟” އިރުކޮޅަކު ހިމޭނުން އިނދެފައި ކައިލަން ހީނލާފައި ބުނެލިއެވެ. އެއާއެކު މިފަހަރު ކައިލަން ކަމެއް ފޮރުވަން މަސައްކަތްކުރިކަން ޖަޒްލާއަށް އެނގުނެވެ. އެއާއެކު ހިތުގެ ހިނގުން އަވަސްވިއެވެ. އީތަންގެ ވާހަކަތަށް ތެދުކުރަން ޖަޒްލާގެ ހިތް ބުނެލިއެވެ.

“ކައިލް އަހަރެންދެކެ ލޯބިވެއްޖެއްޔާ އެކަން ހާމަކުރާނަންތަ؟” ޖަޒްލާ އަނެއްކާ ވެސް ކޮށްލީ ކައިލަންގެ ހިތުގެ ނާރުތަކާއި ގުޅިފައިވާ ސުވާލެކެވެ.

“ޖޭޒް… ތީ ކޮންކަހަލަ ސުވާލުތަކެއް. ކީއްވެ ކުރާ ސުވާލުތަކެއް؟ އީތަންއާ ހެދިތަ؟ ޖޭޒް އަދިވެސް އޭނާ ކަންތައްކުރި ގޮތާއި މެދު ވިސްނާ ހިތާމަކުރަނީ ދޯ…”

“އަހަންނަށް އެނގޭ އީތަން އަހަރެންދެކެ ނޫންކަން ލޯބިވަނީ. އޭނާގެ ލޮލުން އަހަރެން ދުށިން ލޯބި. އެކަމަކު އެއީ ރީންއަށްޓަކައި. އެ ލޮލުން ލޯބި ދުށުމަށް އަހަރެން ކެތްތެރިކަމެއްނެތި އިންތިޒާރުކުރިން. އެކަމަކު އެކަމެއް ނުވި… މިހާރު އެކަމާ ޝަކުވާކުރާކަށް އަހަރެން ބޭނުމެއްނޫން. އަހަރެން ޤަބޫލުކޮށްފިން އަހަންނަށް އީތަންގެ ލޯތްބެއް ނުލިބޭނެކަން…. އިތުރަށް އީތަންގެ ހަމަޖެހުން ނަގާލަން އޭނާގެ ދިރިއުޅުމަށް ވަންނާކަށް ގަސްދެއް ވެސް ނުކުރަން. އަހަންނަށް ހީވަނީ އަހަރެން ވެސް މިހާރު މީހަކާ އިންނަންވެއްޖެހެން. ލޯބިވާ މީހަކު ލިބުމަކީ ފަސޭހަކަމެއްނޫން… މީހުންނާ ރައްޓެހިވެގެން އުޅޭކަށް ދެން ބޭނުމެއްނޫން. ބައްޕަ އާއި ބައްޕަ ވެސް އެދެފި އަހަރެން ކައިވެންޏެއް ކުރުމަށް. ރަނގަޅު ޢާއިލާއަކުން ހުށަހެޅުމެއް ވެސް އަތުވެއްޖެ… ޤަބޫލުކުރަން ހިތަށް އަރާ…”

“އަރ ޔޫ ގޯން މޭޑް… ކޮންއިރަކު ޖޭޒް އެރޭންޖު މެރިއޭޖެއްކުރަން ވިސްނީ. އެކަކު އަނެކަކަށް އެނގުން މުހިންމެއްނޫންތަ؟ ލޯބިނުވާ މީހަކާ އިނދެގެން ނޫޅެވޭނެ” ކައިލަންގެ ވާހަކަ ހުރި ގޮތުން ޖަޒްލާއަށް ލިބުނީ ހައިރާންކަމެކެވެ.

“އަހަންނަށް އޭނާގެ ގޮތް އެނގޭ. މިވީހާތަނަށް އަހަރެން ހިތްހަމަނުޖެހޭކަމެއް އޭނާ ކޮށްފައެއްނުވޭ… އަހަންނަށް އެނގޭ އަހަރެންގެ އުފާވެރިކަން އޭނާއަށް ވަރަށް މުހިންމުކަން. އޭނާއަކީ ކެއަރިން މީހެއް… ދަންނަތާ ގިނަ އަހަރުތަކެއްވެއްޖެ. ނޭދެވޭ ސިފައެއް މިހާތަނަށް ފެނިފައެއްނެތް”

“އެހެންވިޔަސް ޖޭޒްއަށް އޭނާ އެނގުނީއެއްނޫނެއްނު. ކައިވެނިކުރާތަނުން ހުރިހާ ކަމެއް ބަދަލުވެއްޖެއްޔާ ދެނޯ”

ކައިލް، މީހަކު ދަސްވާނީ އޭނާއާއެކު އުޅެގެން… އެ ނޫން އެއްވެސް ގޮތަކަށް މީހާ ދަހެއްނުވާނެ. އެކުގައި ދެމީހުން އުޅެންފެށީމާ އެނގޭނީ ދެމީހުންގެ ގޮތް ވެސް. އެހެންވީމަ ދަސްކުރާށޭ ކިޔާފައި ދުވަސްތަކެއް ބޭކާރުކޮށްލަންވީ ކީއްކުރަން”

“އެހެންވީމާ ޖޭޒް ތިހިރީ ގޮތެއް ނިންމައިގެންތާ… ދެން އިތުރަށް އަހަރެން ގާތުގައި ތި ވާހަކަދެއްކުމުގެ ބޭނުމެއްނެތްހެން ހީވަނީ” ކައިލަންގެ މޫނުމަތިން ފާޅުވެގެން ދިޔަ ނުރުހުމުގެ އަސަރުން މިފަހަރު ޖަޒްލާގެ ތުންފަތަށް ވެރިވެގެން ދިޔައީ ހިނިތުންވުމެކެވެ. ކައިލަންގެ ނުރުހުމުގައިވަނީ އޭނާ ޖަޒްލާއަށް އަޅާލާ މިންވަރެވެ. ޖަޒްލާގެ ދިރިއުޅުމަށް ކޮންމެގޮތެއްވާން ނޭދޭކަމެވެ. އަނެއްކޮޅުން ކައިލަންގެ ބައްޕަގެ ނިންމުމާ ގުޅިގެން ކައިލަންއަށް އެއްވެސް ކަމެއް އެނގެޔޭ ޖަޒްލާގެ ހިތެއް ނުބުނެއެވެ. އިތުރަށް އެއްޗެއް ނުބުނެ ޖަޒްލާ ހިނިތުންވެލައިގެން އިނދެ ކެއުން ކުރިއަށް ގެންދިޔައެވެ.

* * * *

ތަހުސީނަށް ގެއަށް އާދެވުނީ މެންދުރު އެކެއްޖެހިފަހުންނެވެ. ރާބިއާއާއި އީތަން އެ ގެއަށް އައިކަމާއި ޒޫރިންއާއި އީތަންގެ ދެމެދުގައި ހިނގާ ދިޔަ ކަންތައްތައް ތަހުސީނުގެ ކަންފަތާ ހަމައަށް ފޯރީ މެންދުރުކާން މޭޒުދޮށުގައި އިށީނުމާއެކުއެވެ. ޤަބޫލުކުރަންދަތިވެގެން އެތައް ފަހަރަކު ރޭޝްމާގެ ވާހަކަތައް ތަހުސީނު ތަކުރާރުކުރުވިއެވެ. އޭނާގެ މޫނުމަތިން ފާޅުވެގެން ދިޔަ އުފާވެރިކަމުގެ ހިނިތުންވުމާއެކު ގޮނޑިން ތެދުވެވުނެވެ. އަދި އައިގޮތަށް އައިސް ސިންކުކައިރީ ހުރި ރޭޝްމާގެ ގައިގާ ފުރަގަހުން ބައްދާލިއެވެ.

“ހުރިހާކަމެއް ވެސް ދެން އިރާދަކުރެއްވިއްޔާ ވާނީ ރަނގަޅަށް… އަހަރެން ބޭނުންވަނީ ވީހާ ވެސް އަވަހަކަށް ކައިވެނި ހަމަޖައްސަން. މިހާރުއްސުރެން ކައިވެންޏަށް ތައްޔާރުވާންވީ” ރޭޝްމާގެ ކަންފަތްދޮށުގައި ތަހުސީނު ބުނެލިއެވެ.

“އެކަމަކު ވިސްނަންޖެހޭނެ ރީން އޭނީ ބަންދެއްގައިކަން. އަހަރުމެން ބޭނުންވާހާ ކުލަގަދަކޮށް މި ކައިވެންޏެއް ނުބޭއްވޭނެ” ރޭޝްމާ ބުނެލިއެވެ.

“އާން! ތިކަން އަހަންނަށް އެނގޭ. ކުއްލިއަކަށް ލިބުނު އުފަލެއްގެ ބޮޑުކަމުން ހުރިހާކަމެއްގެ މަތިން ހަނދާންނެތުނީ” ރޭޝްމާގެ ކޮނޑުގައި ދަތްދޮޅި ޖައްސާލަމުން ތަހުސީނު ބުނެލިއެވެ.

“ތަހުސީނު ތާރީޚެއް ކަނޑައަޅަފައި އީތަންގެ ޢާއިލާ މީހުންނަށް އަންގަންވީނު”

“މިއަދު ކޯޓުގައި އުޅޭ މީހަކަށް ގުޅާލާނަން. އޭނާއާ ބައްދަލުކޮށް މިހާރު އުޅެގެން އެންމެ އަވަހަށް ކައިވެނި ކުރެވޭނޭ ތާރީޚެއް އޮޅުން ފިލުވާލާފައި ފޯމެއް ވެސް ހިފައިގެން ގެއަށް އާންނާނީ. އަހަރެންގެ އަތުގައި ސުފިޔާނުގެ ނަންބަރު އޮންނާނެ… އަހަރެން އޭނާއަށް ގުޅާލާފައި އަންގާލާނަން. އޭރުން މާދަމާ ފޯމު ފުރުމުގެ ކަންތަކާ އުޅެވޭނެއެއްނު” ތަހުސީނު ހުރީ ނިކަން ހަމަޖެހިލާފައެވެ. ކާމޭޒުކައިރީ އައިސް އިށީނދެ ކާންފެށިއިރު ވެސް އޭނާގެ މޫނުމަތިން ނަފްސަށް ލިބިފައިވާ ހިތްހަމަޖެހުމާއި އުފާވެރިކަމުގެ އަސަރުތައް ފިލާ ނުދެއެވެ. ޒޫރިންގެ ކައިވެންޏަށް އޭނާ މިހާރުއްސުރެ އިންތިޒާރު ކުރާ ކަހަލައެވެ.

އިރުއޮއްސެމުން ދަނީއެވެ. ހިޔަނިތައް ދިގުވެ ކޮޅުންލާފައިވެއެވެ. އިރުގެ ރަންދޯދިތައް މާލޭގެ އުސް އިމާރާތްތަކުގެ ކުރިއަށް އެޅިފައި ހުއްޓެވެ. އޯކިޑުވިލާ ގޭގެ ސިޓިންރޫމުގައި ރާބިއާ އާއި އޭނާގެ ހުރި ހަމައެކަނި ދަރިފުޅު ސުފިޔާނު ތިބިއިރު އެމީހުންގެ މޫނުމަތިން ހިނިތުންވުން ފާޅުވަމުން ދިޔައެވެ. ގިނައިރެއްނުވެ އެތަނަށް އައިސް މަޑުކޮށްލީ ހަމްރާއެވެ. އަތުގައި އޮތް ތަބަށް ބިއްލޫރި ކުޑަމޭޒުގެ މަތީ ބަހައްޓާލުމާއެކު ގިރާފައި ހުރި ކޮފީޖާޑުތަކުން ފަހަރަކު ޖޯޑެއް ނަގައި ސުފިޔާނާއި ރާބިއާއަށް ދިއްކޮށްލިއެވެ. އަދި އޭނާއަށްވީ ޖޯޑު ހިފައިގެން ސުފިޔާނުގެ ގާތުގައި ސޯފާގައި އިށީނދެ އެމީހުންގެ ވާހަކައިގައި ބައިވެރިވިއެވެ. ތިން މީހުންގެ ދުލުކުރީގައިވަނީ އީތަން އާއި ޒޫރިންގެ ނަމެވެ. ކުރިއަށް ހަމަޖެހެން އޮތް ކައިވެނީގެ ވާހަކައެކެވެ.

ކޮޓަރިތެރޭ ދެކޮޅަށް ހިނގާލަހިނގާލާ ހުރި އީތަން އައިސް އެނދުގައި އިށީނެވެ. އިރުކޮޅަކު އިށީނދެ އިނދެފައި އެނދުގައި އޮށޯވެއްޖެއެވެ. ނިތުގައި އެއްއަތް ބާއްވާލުމާއެކު އަނެއް އަތުން މޭގައި ފިރުމާލިއެވެ. ހަމަ އެހިނދު އޭނާގެ ތުންފަތުގައި ހިނިތުންވުމެއް ދުވެލިއެވެ. ކުއްލިއަކަށް އޭނާގެ ޠަބީޢަތް މުޅިން ބަދަލުވެއްޖެއެވެ. އެކަމަކު އެ ބަދަލުތައް އައީ ޒޫރިންއާ ބައްދަލުކޮށްފައި އެނބުރި ގެއަށް އައި ފަހުންނެވެ. އީތަންއަށް ހީވަނީ މުޅި ޖައްވު ވެސް ލަވަކިޔާހެނެވެ. ދިރިއުޅުން ހިތްފަސޭހަ ރާގަކަށް ބަދަލުވެފައިވާ ކަހަލައެވެ. ނަޒަރު ސީދާކޮށްލާ ކޮންމެ ދިމާއަކުން އޭނާއަށް ފެންނަނީ އަޖައިބެއް ފަދަ ރީތިކަމެވެ. މަޢްޞޫމް ރީތި ކަމެވެ. ކިސަޑުގެ ތެރޭގައި ފޮޅިފައިވާ ލައިނޫފަރުމަލެއްގެ ރީތިކަމެވެ. ދެއްކުންތެރިކަމެއްނެތް ރީތި ކަމެވެ. ފަޚުރުވެރިކަން އިޙްސާސްކޮށްދޭ ރީތިކަމެވެ. މޮޔައަކު ފަދައިން ލުއި ހީނލުމަކުން އީތަން ހީނލިއަޑު ކޮޓަރީގެ ހަތަރު ފާރުގެ ތެރޭގައި ހަރުލިއެވެ. ކައިރީގައި އޮތް ބާލީސް ނަގާ މޭގައި ބާއްވާލުމާއެކު އޭގައި ފިރުމާލީ ނިކަން ލޯބިންނެވެ.

“ރީން… އަހަރެންގެ ރީން… އަބަދުވެސް ލޯބިވާނަން ރީންދެކެ… އިރާދަފުޅާއެކު އަހަރެން ދިރިހުރިހާ ހިނދަކު ހަމައެކަނި ލޯބިވާނެ މީހަކީތީ” މޭގައި އޮތް ބާލީހުގައި އީތަން ދެއަތް ވަށާލުމާއެކު ބާރަށް ބައްދާލިއެވެ.

ރީތިކަމުގެ އެތައް ސިފައެއް އީތަންއަށް ފެނިއްޖެއެވެ. އެހެންނަމަވެސް ޒޫރިންއަކީ އޭނާއަށްޓަކައި ދުނިޔޭގައިވާ އެންމެރީތި ރީތިކަމެވެ. އީތަންއަށްޓަކައި ޒޫރިންއަކީ ހަފަރާތަށް އަލިކޮށްދޭ އަލިދޯދި ފަށެކެވެ. ހަމަޖެހުމެވެ. ރާޙަތެވެ. އަރާމެވެ. އޭނާގެ މުޅި ވުޖޫދަށް ވެރިވެފައިވާ ތޫފާނުގެ އަސަރުތައް މުޅިން ފިލާ ބަހާރުމޫސުމުގެ އަސަރުތައް ވެރިވެފައިވެއެވެ. ހުވަފެނީ ދުނިޔެއަކަށް ގެއްލިފައި އޮތްއިރު ތަފާތު ރީތި މާތަކުގެ ވަސްތަކުން އޭނާގެ މޭ ފުރެމުންދާ ކަހަލައެވެ. އެހެންނަމަވެސް ހިނިތުންވެލުމާއެކު ދެ ލޯ މަރާލައި ނޭފަތް އެތެރެއަށް ދަމާލެވުނީ އެ ހުރިހާ މާތަކުގެ ތެރެއިން ވެސް އޭނާގެ ނަފްސު އެ މަލަކަށް ދެވިފައިވާ މަލަށްޓަކައެވެ. އެ ހުރިހާ މައުތަކުގެ ތެރެއިން ވެސް ޒޫރިންއަށް ލިބިފައިވަނީ ތަފާތު ހިތްގައިމު މީރު ވަހެކެވެ.

އީތަންގެ ކޮޓަރީގައި ޓަކި ޖަހާލި އަޑު އިވިގެން ދިޔައެވެ. އެއާއެކު ބިއްލޫރި ތައްޓެއް ތަޅައިގެންދާ މިސާލުގައި އީތަންގެ ހުވަފެން ފުނޑުފުނޑުކޮށްލީ އޭނާގެ ވަށައިގެންވާ ހަޤީޤަތެވެ. ދެ ލޯ ތަންމިނަށް ހުޅުވާލުމާއެކު ފުންމައިގެން އެނދުން ތެދުވިއެވެ. އޭރު ދޮރުހުޅުވާލައިގެން އައިނީ ހުއްޓެވެ.

“އޯ.މައި.ގޯޑް… ކޮންކަހަލަ ވާހަކައެއްތަ މާމަ އެ ދައްކަނީ… އައި ޖަސްޓް ކާންޓް ބިލީވްއިޓް” އައިނީގެ މޫނުމަތިން އޭނާއަށް ލިބިގެން އެ އުޅެނީ އާދައިގެ ޚަބަރެއް ނޫންކަން ކޮންމެ މީހަކަށް ވެސް ދެނެގަނެވޭނެއެވެ.

“ވީ އަރ ގެޓިން މެރީޑް… ފައިނަލީ….” ސިއްރުކުރުމެއްނެތި އީތަން ހާމަކޮށްލިއެވެ. އޭނާގެ އަޑުގައިވާ އުފާވެރިކަން އައިނީ ދެނެގަތެވެ. އުފަލުން އައިގޮތަށް އައިސް އީތަންގެ އެނދު މައްޗަށް އައިނީ ޖެހިގަންނަމުން ކޮއްކޮގެ ދެ ކޮނޑުގައި ހިފައި ތަޅުވައިގަތެވެ. އަދި ނިކަން ބާރަށް ހޭންފެށިއެވެ. އީތަންއަށް ވެސް އައިނީގެ ހުނުމުގައި ބައިވެރިވުން ނޫންކަމެއް ނުކުރެވުނެވެ.

“އައްދުބެއަށް އެނގޭތަ؟” އައިނީ އަހާލިއެވެ.

“ނޭނގެ. އަދި ނާދޭ ބައްދަލުކުރާކަށް… ހެނދުނު ފެނުނު ގޮތަށް އަދި ނުވެސް ފެނޭ” އީތަން ބުނެލިއެވެ.

“މިގޭގެ ފުރަތަމަ ވެޑިން ދޯ” އައިނީގެ އަޑުގައި ޖޯޝު އެކުލެވިފައި ހުއްޓެވެ.

“މަންމަމެން އުންމީދު ކުރި ކަހަލަ ކައިވެންޏެއްނޫން މީ. އަޅުގަނޑަށް އެނގޭ މާމަ ވަރަށް ތައްޔާރުވިކަން އަޅުގަނޑުގެ ކައިވެނި ވަރަށް ކުލަގަދަކޮށް ކުރަން. ވަރަށް ދެރަވޭ އެކަމާ… އެކަމަކު އުފާ ވެސް ވޭ… މިހާރު އެކަކަށް ވެސް ހަޤީޤަތް ނޭނގިއެއް ނޯންނާނެއެއްނު” މަޑުމައިތިރިކަން އެކުލެވިފައިވާ ގޮތަކަށް އީތަން ބުނެލިއެވެ.

“ހުރިހާ ކަމެއް ވެސް ވާނީ އެންމެ ރަނގަޅަށް. އެކަމަކު އަދި އެބައޮތް އެއްވާހަކަ އަހާލަންވެފައި” އައިނީ ބުނެލިއެވެ.

“ކޮން ވާހަކައެއް؟” އީތަން ސުވާލުގެ ނަޒަރަކުން އައިނީއަށް ބަލާލިއެވެ.

“މިހުރިހާ ކަމެއްހިނގާދިޔައިރު ނުފައިލު އަދިވެސް ހުރީ އީތަންގެ ފަރާތުން ޚަބަރެއް ލިބޭތޯ. އޭނާ ބޭނުމެއްނުވޭ އެތަނުގެ ވަޒީފާއިން އީތަން ވަކިކުރާކަށް”

“އޭނާއަށް ގުޅާނަން މިރޭ… ހާދަ ހީވެޔޭ އައިންތައާއި އަޅުގަނޑުގެ ބޮސްއާ ވަރަށް ރަށްޓެހިހެން. އެ ވާހަކަ ކިޔައެއްނުދޭނަންތަ؟” އީތަން ދެ ބުމަ އަރުވާލަމުން އައިނީއަށް ބަލަންއިނެވެ.

“ވީ އާރ ފްރެންޑްސް… އެކަމަކު ނުފައިލުއާ އެހެންމީހުންނާ ތަފާތު ގޮތެއް ހުރޭ. އެއީ ރަނގަޅު މީހެއްތަ؟ އައިންތަ މީހަކާ ގުޅެންޏާ އެކަހަލަ ޒުވާނަކު ޚިޔާރުކުރުން ރަނގަޅުވާނެކަމަށް ފެނޭތަ؟ އަޅެ އީތަންގެ ޚީޔާލެއް ދީބަލަ؟”

“އެތަނަށް ޖޮބަށް ވަނީސުރެން ނުދެކެން އަންހެންކުއްޖަކު ގޮވައިގެން ނުފައިލު އުޅެނިކޮށް. އަބަދުވެސް އުޅޭނީ އޮފީސް ކަންތަކައިގެން. ކޮފީއަކަށް ދިޔަސް ދައްކާނީ އޮފީހުގެ ވާހަކަ… އެ ނޫން ޓޮޕިކެއް އޭނާގެ ނޯންނަ ކަހަލަ. އެކަމަކު އެއީ ވެސް ފިރިހެނެއްތާ ދޯ… ހަޔާތުގެ ބައިވެރިއަކު މިހާރު ނެތަސް ކޮންމެވެސް ދުވަހަކުން ހޯދާނޭކަންނޭނގެ. ނުފައިލަކީ ގޯސް މީހެއްނޫން. އަޅުގަނޑަށް ހީވަނީ ނުފައިލު ކަހަލަ މީހަކު ހަޔާތުގެ ބައިވެރިއަކަށް ގެނެސްގެން ގޯހެއް ނުވާނެހެން… އެކަމަކު ދޮންތަ ވެސް އަޅުގަނޑު ކުރި ކަހަލަ ލަދުވެތި ކަމެއް ނުކުރާތި”

“އީތަން ހާދަ ބޮޑުވެއްޖެޔޭ ދޯ… މިހާރު ހީވަނީ ހަމަ ޖެންޓްލްމެންއެއް ހެން. ބައްޕަ ބުނާ ކަހަލަ ޒިންމާދާރު ހަރުދަނާ…” އައިނީ މިހެން ބުނެ ހޭންފެށިއެވެ. އީތަންއަށް ވެސް ހެވުނީއެވެ.

ރޭގަނޑުގެ ކެއުމުގައި އައިދަން ނޫން އެހެން ހުރިހާ އެންމެން ބައިވެރިވިއެވެ. ކާމޭޒުމަތީ ދެކެވެމުންދިޔައީ އީތަން އާއި ޒޫރިންގެ ކައިވެނީގެ ކަންތައްތައް ހަމަޖެއްސުމަށް މަޝްވަރާ ކުރުމަށް ޒޫރިންގެ ޢާއިލާ އެގެއަށް އަންނަން އުޅޭ ވާހަކައެވެ. އެކަން ތަހުސީނު ޔަޤީންކޮށްދީފައިވާކަމާއި ވީ އެންމެ އަވަހަކަށް ކައިވެނި ހަމަޖައްސަން ބޭނުންވާ ވާހަކަ ބުނި ކަމަށެވެ. އީތަން އަނގައިން ނުބުނެ އިނެއްކަމަކު އޭނާގެ ހިތް އުފަލުން ރޮނީއެވެ. ކެއުމުގެ ބަދަލުގައި މިވަގުތު ވެސް އޭނާ ބޭނުންވަނީ ޒޫރިން ދުށުމަށެވެ. ލޯބިން އެ ދެއަތުގެ ތެރެއަށް ޒޫރިން ގެނެސް ލުމަށެވެ.

* * * *

ފޯނުން ވާހަކަދެއްކުމަށްފަހު ޖަޒްލާ ފޯނުކޯލު ކަނޑާލާފައި ފުންނޭވާއެއް ލިއެވެ. އަދި ކަނާތުގައި އޮތް މޯބައިލުން ވައަތްތިލައިގައި ދެފަހަރު ޖަހާލިއެވެ. އެއާއެކު އަނެއްކާ ވެސް ފުންނޭވާއެއް އޭނާ ލިއެވެ. ލައިގެން ހުރި ސުވެޓަރގެ ކަރު ރަނގަޅުކޮށްލުމާއެކު ކޮޓަރިން ބޭރަށް ނުކުތެވެ. އޭރު ކައިލަން ވެސް ފޯނެއްގައި ކުރިމަތީ ހުރި ބީޗުގޮނޑީގައި އިންތަން ފެނުނެވެ.

“މީ އެންމެ ރަނގަޅުގޮތް. ބައްޕަ ވެސް ހުންނެވީ އުފަލުން… މާކުރިން ވެސް ނިންމަންވީ ނިންމުމެއްމީ. އެއީ އަހަރެންގެ މުސްތަޤުބަލް… އުންމީދުން ފުރިގެންވީ މުސްތަޤުބަލެއްކަން ޔަޤީން… އީތަން ބުނީ ރަނގަޅަށް. ކޮންމެ ކޮންމެ ލޮލަކަށް ލޯތްބެއް ނުފެންނާނެ އަދި ހިތުގައި އުފެދޭ ކޮންމެ އިހުސާސްއަކީ ލޯތްބެއްނޫން” ކައިލަންއަށް ބަލަހައްޓައިގެން ހުރި ޖަޒްލާގެ ހިތަށް އަރަމުންދިޔައެވެ. އޭނާ އަންނަކަމުގެ ހިލަން ކައިލަންއަށް ވުމާއެކު އަތުން އިޝާރާތްކޮށްލާފައި ހިނިތުންވެލިއެވެ. އަދި އޭނާގެ ގާތުގައި އައިސް އިށީނުމަށް އެދުނެވެ.

“މާދަމާ ވަރަށް މިހުންމު ކަމަކު މާލެ ދާން އެބަޖެހޭ. އިރުއޮއްސުމުގެ ކުރިން ކޮންމެހެން ވެސް އަންނަންޖެހޭނެކަމަށް ބައްޕަ ނަންގަނެއްޖެ. އެއްގޮތަކަށް ވެސް އަހާ އަހާ ވީގޮތެއް ހާމައެއްނުކުރެއްވި. އައި އެމް ސޮރީ ޖޭޒް…”

“އޯކޭވާނެޔޯ… މިހާރު މިކޮޅުގައި އުޅޭތާ ކިހާ ދުވަހެއް. ކައިލް ވެސް ކުރަން ހުންނާނެއެއްނު މަސައްކަތް. އަބަދު ކިހިނެއް އަހަރެންގެ ގާތުގައި ހުންނާނީ”

“ތީ ޖޭޒް ސީރިއަސްކޮށް ބުނި އެއްޗެއްތަ، ނޫނީ ހިތްހަމަނުޖެހިގެން ބުނިއެއްޗެއްތަ؟”

“އަހަރެންގެ ހިތްހަމަޖެހުން ކައިލްއަށް ވަރަށް މުހިންމުތަ؟”

“އާން! އެއްވެސް ކަމަކަށްވުރެ ބޮޑަށް… ޔޫ އަރ ސްޕެޝަލްއޭ ބުނަމެއްނު އަބަދުވެސް… ހިނގާ ދަމާ. މިތާ ތިބެންޏާ މާބޮޑަށް ފިނިވެދާނެ. ފުރާގަޑި ވެސް ހަމަޖައްސަން އެބަޖެހެއެއްނު”

“ކައިލް…” ކައިލަންއާއެކު ހިނގައިގަންނަމުން ޖަޒްލާ ގޮވާލީ ވާހަކައެއް ބުނަން އުޅޭ ހެންނެވެ.

“ޔެސް، ކިހިނެއްވީ؟” ސޯޓުގައި ދެ ޖީބަށް އަތްތިލަކޮށްޕާލައިގެން މަޑުފަސްގަނޑަށް ފިޔަވަޅު އޮބިގެންދާތަން ބަލަމުން ކައިލަން ބުނެލިއެވެ. އަދި ޖަވާބެއް ނައިސް ގިނައިރުވާން ފެށުމުން ޖަޒްލާއަށް ބަލާލިއެވެ.

“އެއްޗެއް ބުނާކަށްނޫންތަ އުޅުނީ” ކައިލަން އަހާލިއެވެ.

“ހަނދާންނެތިއްޖެ” ލުއި ހިނިތުންވުމެއް ބަދަލުކޮށްލާފައި ޖަޒްލާ ބުނެލިއެވެ. ކައިލަންއަށް ހަޤީޤަތް ނޭނގޭހެން ޖަޒްލާއަށް ހީވަނީއެވެ. އެހެންވެ އޭނާ ބޭނުންވަނީ ކާމިލު ދައްކާފައި ހުރި ވާހަކަތައް ކައިލަންއަށް ކިޔައިދޭށެވެ. އެހެންނަމަވެސް ކުރިން ނުވާ ޖެހިލުމެއް ޖަޒްލާ ވަނީއެވެ. ބައެއްފަހަރު ހިތް ބުނަނީ ހަޤީޤަތް އެނގުމުން ކައިލަންއަށް ބަދަލުތަކެއް އަތުވެދާނޭ ކަމެވެ. އަނެއްބައިފަހަރަށް އޭނާގެ ހިތް އެދެނީ ކައިލަންއަށް އެއްވެސް ކަމެއް ނޭނގި ކާމިލުއާއި އަފީފު ބޭނުންވާ ގޮތަށް ހުރިހާ ކަމެއް ނިމިގެންދާށެވެ. ޚުދު ޖަޒްލާއަށް ވެސް އެންމެ ރަނގަޅުވާނީ އެގޮތް ކަމުގައެވެ.

ޖެހިގެން އައި ދުވަހު ހަވީރު ހަތަރެއް ޖެހިއިރު ކައިލަން އާއި ޖަޒްލާއަށް މާލެ އާދެވިއްޖެއެވެ. ކައިލަން އޭނާގެ ގެއަށް ދިޔައީ ޖަޒްލާ ގެއަށް ލާދީފައެވެ. އަދި އަފީފު ބޭނުންވެލައްވަނީ ކޮންކަމެއްތޯ ބަލާފައި އެކަމެއްކޮށް ނިމިގެން ޖަޒްލާއަށް ގުޅާނަން ކަމުގައި ވެސް ކައިލަން ވަޢުދުވިއެވެ.

“ދަރިފުޅަށް ނާދެވިދާނޭތީ ބައްޕަ ހުރީ ވަރަށް ކަންބޮޑުވެފައި” ގެއަށް އައިސް ކައިލަން ވަންއިރު އަފީފު އިނީ ސިޓިންރޫމުގައެވެ. ދަރިފުޅު ފެނުމާއެކު އޭނާ ވާހަކަދައްކަންފެށިއެވެ.

“ޖޭޒްކޮބާ؟ ގެއަށް ދަޔައީތަ؟”

“ލައްބަ؟ ކިހިނެއްތޯވީ ބައްޕާ؟ ކީއްވެތޯ އެއްވެސް ވާހަކައެއް ފޯނުން ކިޔައިނުދެވޭނެކަމަށް ބުނުއްވީ؟ އަޅުގަނޑުމެން ތިބީ މި ހަފްތާ ނިމެންދެން މަޑުކޮށްލާފައި އެނބުރި އަންނަންވެގެން” ސިޓިންރޫމުގެ މެދެއްހާ ހިސާބުގައި ކައިލަންގެ ދަބަސް ބަހައްޓާފައި އޭނާ އައިސް ސޯފާގައި އިށީނެވެ. އެއާއެކު ގޭގައި އުޅޭ ނޯކަރުންގެ ތެރެއިން މީހަކު ކައިލަންގެ ދަބަސް ހިފައިގެން މައްޗަށް ދެވެން ހުރި ހަރުފަތްތަކާ ދިމާއަށް ދިޔައެވެ.

“ކޮންމެހެން ވެސް އެބަޖެހޭ ފަހެއް ޖަހާކަންހާއިރު ޖޭޒްމެންގެއަށްދާން. ކާމިލުއާއި ބައްޕައާ ދެމީހުން އެބައޮތް ދަރިފުޅާއި ޖޭޒްއާ ވާހަކައެއް ދައްކަންވެފައި. ކާމިލު އެދިލައްވަނީ އެގެއަށް ހަވީރު އައިސް އެންމެން ތިބެގެން ހުރިހާ ކަމެއް ކުރިއަށް ގެންދަން” އަފީފުގެ ވާހަކަ އިވިފައި ކައިލަން ހައިރާންވިއެވެ. ހަމައެއާއެކު އޭނާއަށް ނުތަނަވަސްކަމެއް ލިބިގެން ދިޔައެވެ. ކުއްލިއަކަށް ހަނދާނަށް އައީ ޖަޒްލާއަށް އައިސްފައިވާ ބަދަލުތަކެވެ.

“އީތަން އާއި ޖޭޒް ބްރޭކްއަޕްވެއްޖެކަން ޔަޤީން. އެކަމަކު ޖޭޒްގެ ވާހަކަ ހުރި ގޮތުން ހީވަނީ އޭނާ މީހަކާ އިންނަން ތައްޔާރުވަނީހެން. އަނެއްކާ… އަނެއްކާ ޖޭޒްއަށް ކާމިލު ބޭބެ މަޖުބޫރުކުރަނީބާ؟ އޭނާއަށް އައިސްގެ އެއުޅެނީ ބަދަލަކީ އެއީބާ؟ އެހެންވެގެން ނުވާނެ… ޖޭޒް ބޭނުންމީހަކާ ބޭނުން ދުވަހަކުން އިނދެވެން ޖެހޭނެ…”

“ކޮންކަމަކާ ތި ވިސްނަނީ؟” ޚިޔާލަކަށް ގެއްލިފައި ކައިލަން އިންހެން ހީވެ އަފީފު އޭނާގެ ދަރިފުޅުގެ ކޮނޑުގައި އަތްބާއްވާލިއެވެ.

“ނުވިސްނަން… އަޅުގަނޑު އެހާ އިރަށް ތައްޔާރުވާނަން”

“މިއަދު ބައްޕައާއެކު އެގެއަށް ދާންވާނީ ނިކަން ސްމާޓުކޮށް އިނގޭ” އަފީފު ހިނިތުންވެލިއެވެ. ކައިލަން ވެސް ހިނިތުންވުމެއް ބަދަލުކޮށްލާފައި ސޯފާއިން ތެދުވިއެވެ.

ހަވީރު ފަހެއްޖެހުމާއި ދޭތެރޭ މާގިނަ ވަގުތެއް ނެތުމުން ކައިލަން ކޮޓަރިއަށް އައިސް ފެންވަރާލައިގެން ރީތިވެ ނިމުނީ ހަމަ ވަގުތަށެވެ. އޭރު އަފީފު އައިސް ކައިލަންގެ ކޮޓަރީގެ ދޮރު ހުޅުވާލާފައި އެތެރެ ހޯދާލައިފިއެވެ. ލޯގަނޑު ކުރިމަތީ ރަތާއި ކަޅު ކުދި ގޮޅިޖެހި ގަމީހަކާއި ކާކީކުލައިގެ ފަޓޫލޫނުގައި ކައިލަން ހުއްޓެވެ. އޭރު އޭނާ އާންމުކޮށް އަރާ ކެޝުއަލް ބޫޓަށް ވެސް ހުރީ އަރައިގެންނެވެ. އިސްތަށިގަނޑު އަތުން ރީތިކޮށްލާފައި އެނބުރި ދޮރުމަތީ ހުރި އަފީފަށް ބަލާލިއެވެ. އަދި ރީތިވާ މޭޒުމަތީ އޮތް އަތުކުރީ ގަޑި ހިފައިގެން އަފީފުއާއެކު ދިއުމަށް ކައިލަން ހިނގައިގަތެވެ.

މ.ޑޯންއަށް ކައިލަން ކިތަންމެ ފަހަރަކު އައެވެ. އެހެންނަމަވެސް އަފީފުއާއެއްކޮށް އަންނަ މީ ފުރަތަމަ ފަހަރެވެ. އެހެންވެ ބުނަންނޭނގޭ އުނދަގޫ ގޮތްތަކެއް ކައިލަންއަށް އިހުސާސްވަމުން ދިޔައެވެ. އެމީހުންނަށް މަރުޚަބާ ކިޔާ މެހެމާނު ދާރީ އަދާކުރުމަށް ގޭގައި ނޯކަރު ކުއްޖަކާއެކު ޖަޒްލާގެ މަންމަ އިނާޔާ އުޅެއެވެ. ހުދު ތަނބުތަކުގެ ތެރެއިން މެދަށް ހުސްކޮށްއޮތް ބޮޑު ސިޓިންރޫމުގެ ސޯފާތަކުން ސޯފާއެއްގައި ކާމިލު އިށީނދެ އިނދެފައި ތެދުވެ އަފީފު އާއި ކައިލަންއަށް އިޝާރާތްކޮށްލީ އެތަނަށް އައުމަށެވެ. ދެ މީހުންނާ ވެސް ކާމިލު ސަލާމްކޮށްލާފައި ސޯފާގައި އެންމެން އިށީނެވެ. ކައިލަންގެ ނަޒަރު ހުއްޓުނީ ކާމިލުގެ ކަނާތްފަރާތުގައި އިން ޖަޒްލާއަށެވެ. ތުނިލޭހުން ފަރުމާކޮށްފައިވާ ހުދު ޕާކިސްތާނު ހެދުމުގައި ޖަޒްލާ ފެންނަނީ ވަރަށް ތަފާތުކޮށެވެ. ޖަޒްލާގެ ރީތި ސޫރައާ ނަޒަރު ވަކިކޮށްލުން ކައިލަންއަށް ފަސޭހަކަމަކަށް ނުވިއެވެ. އޭނާ އެކިގޮތްގޮތުން ޖަޒްލާއަށް ލޮލުން މެސެޖުތައް ފޮނުވަމުން ދިޔައެވެ. އެހެންނަމަވެސް ޖަޒްލާގެ ފަރާތުން ފެންނަނީ ހިމޭންކަމެވެ. އަދި ކާމިލު ވާހަކަދައްކަން ފެށުމާއެކު އޭނާ އިސްޖަހާލައިފިއެވެ.

“ކައިލަންއާއި ޖަޒްލާއަކީ ވަރަށް ގާތް ދެރަޙުމަތްތެރިންކަން އެނގޭ. ޚާއްޞަކޮށް ޖޭޒްއާ ދޭތެރޭ ކައިލަން ގާތްކަމެއް ބަހައްޓާކަން ވެސް އެނގޭ. ޖަޒްލާ މީހަކާ އިންނަން އަހަރުމެން ވަރަށް ބޭނުން. އަންހެންކުއްޖަކު އެހާ ގިނަ ދުވަހު މީހަކާ ނީނދެ ހުރުން އެހާ ރަނގަޅުކަމެއްގެ ގޮތުގައި އަހަރެން ނުދެކެން. އަނެއްކާ ކައިލަންއަށް ވެސް އެނގޭނެ ޖަޒްލާ ކައިވެންޏެއް ކުރަން އުޅުނުކަން، އަދި އެ ކަން ދިޔައީ ކިހިނެއްކަން…. އަފީފު އަހަރެންގެ ގާތަށް މި ކައިވެނީގެ ވާހަކަ ހިފައިގެން އައުމުގެ ކުރިއަކު އަހަންނަށް މިކަމާ މެދު ކުޑަކޮށް ވެސް ވިސްނައެއްނުލެވޭ… އަހަންނަށް އަފީފުގެ ހުށަހެޅުން ވަރަށް ކަމުދޭ… އެކަމަކު ކައިލަންގެ ޚިޔާލު ވެސް އަހަރެން އަޑުއަހަން ބޭނުން. އަހަރެން ބޭނުމެއްނޫން މި ކައިވެނި ވަކި ހިސާބަކުން ހުއްޓޭކަށް…”

“އިރާދަކުރެއްވިއްޔާ އެހެނެއްނުވާނެ” ކާމިލުގެ ވާހަކަ ކުޑަކޮށް ހުއްޓާލުމުން އަފީފު ބުނެލިއެވެ.

“އެހެން ނުވުން އަހަރެން ވެސް ބޭނުންވަނީ… ކައިލަން… ކައިލަންއަށް އަހަރެންގެ ޖަޒްލާ ކަމުދޭތަ؟ އަހަރެން ބޭނުންވަނީ ކައިލަންއާއި ޖަޒްލާގެ ކައިވެނި ކުރުވަން. މިއީ އަފީފުގެ ވެސް އެދުމެއް” ކާމިލުގެ ވާހަކަ އިވިފައި ކައިލަންގެ ނަޒަރު ފުރަތަމަ ވެސް އަމާޒުވީ ޖަޒްލާއަށެވެ. ދޭނޭ ޖަވާބެއް ނޭނގިފައި އޭނާ ޖަޒްލާއަށް ބަލަން އިންނަން ފެށުމުން އަފީފު ވާހަކަދެއްކިއެވެ.

“ދަރިފުޅު ޖޭޒްދެކެ ލޯބިވާކަން ބައްޕައަށް އެނގޭ. ތި ދެކުދިން ނުހަނު ގުޅޭ… ޖަޒްލާއަށް ކައިލަންހާ އަޅާލާނެ ބައިވެރިއަކު ހިޔެއްނުވޭ ލިބޭނެހެނެއް. މިހާ ދުވަސްވީއިރު ދަރިފުޅު ތިހުންނަނީ ޖޭޒް ނޫން އަންހެންކުއްޖާ ނުގުޅެންވެގެން…”

“ބައްޕާ… އަޅުގަނޑު… އަޅުގަނޑު ބޭނުން ޖޭޒްއާ ވާހަކަދައްކާލަން. އެއަށްފަހު އެއްޗެއް ބުނަން އެނގޭނީ” ކައިލަން އިނީ ހާސްވެފައެވެ. ކުއްލިއަކަށް ޖަޒްލާގެ ހިތަށް އަރާ ފައިބާނެ އެއްޗެހި އޭނާއަށް ވިސްނާލެވުނީއެވެ.

“އެންމެ ރަނގަޅު… އިނާޔާ އެ ފަރާތުގައި ސައިތައްޔާރުކުރަމުން އެ ދަނީ. ސަޔަށް ގޮވާލެވެންދެން ކައިލަންއާއި ޖަޒްލާ ވާހަކަދައްކާލަން މައްޗަށް ދިޔަޔަސް އެންމެ ރަނގަޅު. އެކަމަކު ދެ ކުދިން ވާހަކަދައްކާފައި މިއަދު ގޮތެއް ނިންމަންވާނެ. ޖަޒްލާ މި ކައިވެންޏާ ރުހޭ، އެހެންނަމަވެސް ކައިލަން އެނގެން ބޭނުންވާ އެއްޗެއް ޖަޒްލާގެ ގާތުން އޮޅުން ފިލުވިދާނެ. ނިންމަން މިއުޅެނީ ބޮޑު ނިންމުމެއް… ތި ދެކުދިންގެ ދިރިއުޅުން މިކަމުގައި ޝާމިލުވާނެ. އެހެންވީމަ ވާހަކަދައްކާ މަޝްވަރާ ކުރަންޖެހޭނެކަން ވެސް އެނގޭ” ކާމިލު އިނީ ހިނިތުންވެލުމާއެކު ނިކަން ހަމަޖެހިފައެވެ. އަފީފުގެ މޫނުމަތިން ވެސް ފެންނަނީ އެފަދަ ކުލަވަރެކެވެ.

ކައިލަން ތެދުވުމާއެކު ޖަޒްލާ ވެސް ތެދުވިއެވެ. ހަރުފަތްތައް ގިރާ ކުރުމަށްފަހު ފުރަތަމަ ފަންގިފިލާގެ މަގުމައްޗަށް ވާގޮތަށް ހުރި ބެލްކަންޏަށް ދެ ޒުވާނުން ނުކުތެވެ. އެކަނިވެވުނީކަން އެނގުމާއެކު ކައިލަން ވާހަކަދައްކަން ފެށިއެވެ.

“ޖޭޒްއަށް އެނގޭތަ މިހުރިހާކަމެއް” ކައިލަން ކުރި ސުވާލާއެކު ޖަޒްލާ ބޯޖަހާލިއެވެ.

“ޖޭޒް އަހަރެންދެކެ ލޯބިނުވާއިރު ކައިވެނިކުރަން ކީއްވެ އެއްބަސްވީ؟ އަހަރުމެން ދެމީހުންގެ ދެމެދުގައި މިއޮތް އެކުވެރިކަން ވެސް ގެއްލުވާލަންތަ ޖޭޒް ބޭނުންވަނީ؟ ކިހިނެއް އަހަންނާއެކު ޖޭޒް އުޅޭނީ” ކައިލަންގެ އަޑުގައި ހުރީ ކަންބޮޑުވުމެވެ.

“މި ނިންމުމަކީ އެއްވެސް މަޖުބޫރުކަމެއްނެތި އަހަރެން ނިންމި ނިންމުމެއް. ކައިލްއަށްވުރެ ބޮޑަށް އަހަންނަށް ކެއަރ ކުރާނެ އެހެންމީހަކު ނުހުންނާނެކަން އެނގޭތީވެ ބައްޕަގެ ނިންމުން ޤަބޫލުކުރީ. ސޯ ޕްލީޒް ކައިލް… މިއަދު ކައިލްގެ ހިތުގެ އިހުސާސްތައް ހާމަކުރޭ… އަހަރެން މިހިރީ އަޑުއަހަން… ކައިލްއާ ކައިވެނިކޮށްގެން އަހަންނަށް ރަނގަޅު ދިރިއުޅުމެއް ލިބޭނެކަމާއެކު ކުޑަކޮށް ވެސް ޝައްކެއްނުކުރަން… ސޯ ޕްލީޒް…” ޖަޒްލާ އައިސް ކައިލަންއާ ކުރިމަތިވާ ގޮތަށް އޭނާއާ ކައިރީގައި މަޑުކޮށްލިއެވެ. ނަމަވެސް ކައިލަން އެނބުރިލާފައި ބެލްކަނީގެ ރެއިލިންގައި ދެއަތުން ހިފަހައްޓާލިއެވެ. ނަޒަރު ތިރިކޮށްލައިގެން ހުރި ގޮތުން އޭނާ ވިސްނަނީކަން ގައިމެވެ.

“ޖޭޒް… އަރ ޔޫ ރިއަލީ ރިއަލީ ޝުއަރ އަބައުޓް ދިސް؟” އިރުކޮޅަކު ހުރުމަށްފަހު ކައިލަން އެނބުރި ޖަޒްލާއަށް ބަލާލާފައި ސުވާލުކޮށްލިއެވެ. އެހިނދު ޖަޒްލާ އައިސް ކައިލަންގެ ދެއަތުގައި ހިފާލިއެވެ.

“ވަރަށް ވިސްނާފައި އާނއެކޭ ބުނީ. އަދި މިހާރު ހަންރެޑް ޕަސެންޓު ޝުއަރ… މި ނިންމުމާމެދު ދުވަހަކު ވެސް ރިގްރެޓެއްނުވާނަން” ކައިލަންގެ ދެއަތްތިލައަށް ބާރުކޮށްލުމާއެކު ޖަޒްލާ ހިނިތުންވެލިއެވެ.

“އައި އެމް ސޮރީ ޖޭޒް… އަހަންނަށް ޖޭޒް ފުރަތަމަ ފެނުނު ދުވަހުން ފެށިގެން ވެސް ޖޭޒްއާ މެދު ޚާއްޞާގޮތެއް އިހުސާސްކުރެވުނު. އެ އިހުސާސްތަކުގެ ވާހަކަދައްކަން އަހަރެން މަސައްކަތްކުރިން… އެކަމަކު ޖޭޒްގެ ހިތުގައިވަނީ ކީކޭކަން އެނގުނު ދުވަހުން ފެށިގެން އަހަންނަށް މުހިންމުވީ ޖޭޒްގެ އުފާވެރިކަން… ޖޭޒް އަހަންނާ ކައިވެނިކުރަން ހުރިނަމަ އެކަމާ އެންމެ އުފާވާނީ އަހަރެން… ޖޭޒްގެ އެއްވެސް ނިންމުމަކާ ދެކޮޅެއް ނުހަދާނަން”

“ކައިލް އަހަރެންދެކެ ލޯބިވޭތަ؟” ޖަޒްލާއާއި ކައިލަންގެ ހަތަރުކަޅި ބައްދަލުވިއެވެ. ހަމަ އެހިނދު ކައިލަން ބޯޖަހާލީ އާނއެކޭ ބުނުމުގެ ގޮތުންނެވެ. ޖެހިލުންވެފައި ހުރެ ވެސް ޖަޒްލާގެ އޮމާން ކޯތާފަތުގައި ކައިލަންގެ އިނގިލިތަކުގެ ނުފުށުން ފިރުމާލީއެވެ.

“އީތަން ބުނަނީ ދޮގު ވާހަކައެއްނޫންކަން މިއަދު އެނގިއްޖެ. އޭނާ އަބަދުވެސް ބުނޭ ކައިލަން ލޯބިވާކަން އަހަރެންދެކެ” ޖަޒްލާ މިހެންބުނެ ހީނލިއެވެ. އެއާއެކު ކައިލަން ވެސް ހީނލާފައި މާފަށްއެދުނެވެ.

ބެލްކަނީގައި ދެ ޒުވާނުން ވާހަކައިގައި ތިއްބާ އެތަނަށް އައީ ޖަޒްލާގެ ކޮއްކޮ ނައޫފެވެ. ކައިލަންއަކީ އަބަދު ފެންނަ މޫނަކަށް ވުމުގެ އިތުރުން ނައޫފުއާ ދޭތެރެއަކުން ސަމާސާކޮށް ހަދާ މީހެކެވެ. ރައްޓެހިގޮތަކަށް ހިނިއައިސްފައި ހުރެ ނައޫފު އެތަނަށް އައުމުގެ ބޭނުން ހާމަކުރިއެވެ. ކައިލަން އޭނާގެ ސަމާލުކަން ޖަޒްލާއާ ވަކިކޮށްލަމުން ޖަޒްލާގެ އަތުން ދޫކޮށްލާ އޭނާއާ ދުރަށް ޖެހިލިއެވެ. އަދި ނައޫފުއާ ވާހަކަދައްކަން ފެށިއެވެ. ޖަޒްލާ ހިނގައިގަތީ އެމީހުންގެ ފަހަތުންނެވެ. އޭރު އޭނާގެ ތުންފަތުގައި އުންމީދީ ހިނިތުންވުމެއް ވެރިވެފައި ވެއެވެ. ކައިލަންދެކެ ލޯބިވެޔޭ އޭނާގެ ހިތް ސީދާ ނުބުނި ކަމުގައި ވިޔަސް އެހިތަށް ކައިލަންއާ މެދު ވިސްނަންފެށިފަހުން ނޭނގޭ އަސަރުތަކެއް އިހުސާސް ކުރެވެމުންދެއެވެ. އެ އިހުސާސްތަކަކީ ލޯބިކަމަކަށް ޖަޒްލާގެ ހިތަށް ދެނެގަންނާކަށް އަދި ނޭނގެއެވެ. ޔަޤީނުން ވެސް ޖަޒްލާ ފުރިހަމަ އިތުބާރުކުރާ ޒުވާނެއްކަމުގައި ކައިލަންވެއެވެ. އަމިއްލަ ދިރިއުޅުން ކައިލަންގެ އަތްމައްޗަށް ދޫކޮށްލަން އޭނާ ފަސްނުޖެހެނީ އެހެންވެއެވެ.

ސައިމޭޒުދޮށުގައި ޖަޒްލާގެ ޢާއިލާގެ ހުރިހާ މެންބަރުން ތިއްބެވެ. އެތަނުން ޖަލާލު ފެނުންވީ ޖަޒްލާއަށް ހައިރާންކަމެއް ލިބިގެންދިޔަ ކަމަކަށެވެ. ސިއްރު ގޮތަކަށް ބޭބެއަށް ބަލާލާފައި ޖަޒްލާ ބަލާލީ އޭނާގެ މަންމަ އިނާޔާއަށެވެ. އެންމެން ވެސް ޖަޒްލާއާއި ކައިލަންގެ ކައިވެންޏަށް ފޮނި އުންމީދުތަކެއް ކުރާކަން އެމީހުންގެ މޫނުމަތިން ފަޅުވޭވޭހުއްޓެވެ. ފުރަތަމަ ވާހަކަދައްކަން ފެށީ ކާމިލެވެ. އޭނާގެ ސުވާލު އަމާޒުކޮށްލީ ކައިލަންއާއެވެ. އޭނާގެ ޚިޔާލު ހުރި ގޮތެއް އޮޅުން ފިލުވާށެވެ.

“ޖޭޒް ރުހޭކަމަކަށް އަޅުގަނޑު ނޫނެކޭ ނުބުނާނަން” ކައިލަން ބުނެލިއެވެ.

“އެހެންވީރު ތިޔަވީނު… އަފީފު. އަހަންނަށް ފެންނަނީ އެހެންވީމަ ކުރިއަށްދާން” ކާމިލު ބުނެލިއެވެ.

“ތާރީޚު ކަނޑައަޅާނީ ކާމިލު، މިކޮޅުން ފުރިހަމަ އެއްބާރުލުން ލިބޭނެ” ހިނިއައިސްފައި އިން އަފީފު ބުނެލިއެވެ.

“ކިހިނެއްވާނީ އަންނަ ހަފްތާގައި ރަންކިއުމުގެ ޙަފުލާ ބޭއްވުން” ކާމިލު ވަގުތުން ޚިޔާލު ފާޅުކުރިއެވެ.

“ރަނގަޅުވާނެ” ކާމިލާއި އަފީފުގެ ދެމެދުގައި އެއްބަސްވެވުނެވެ.

އުފާވެރިކަމުގެ މާޙައުލު ނިމުމަކަށް އައީ އިރުއޮއްސުނު ފަހުންނެވެ. އަފީފުއާއި ކައިލަން ނުކުމެގެން ދިއުމުން ކާމިލު ވެސް ގެއިން ނުކުތީ މަޤުރިބު ނަމާދަށް ދިއުމަށެވެ. ކޮޓަރިއަށް އައިސް ވަންގޮތަށް އެނދުގައި އިށީނދެގެން ޖަޒްލާ އިނެވެ. އެހެން އިންދާ އެކޮޓަރީގެ ދޮރުގައި ޓަކި ޖަހާލައި ދޮރު ހުޅުވާލީ ޖަލާލުއެވެ. ހައިރާންވެފައި ޖަޒްލާއަށް ތެދުވެވުނެވެ. ބޭބެގެ ގާތުގައި އެތެރެއަށް ވަންނާށޭ ބުނާކަށް ވެސް އޭނާއަކަށް ނޭނގުނެވެ. އެހެންނަމަވެސް ޖަލާލު އެތެރެއަށް ވަދެ ކޮޓަރީގައި ހުރި ކުޑަ ސޯފާގައި އިށީނެވެ.

“ޖޭޒް… ކައިލަންއާ އިންނަން ތި ނިންމީ ރަނގަޅަށް ވިސްނާފަތަ؟ ނޫނީ އީތަންދެކެ އައިސްފައި ހުރި ރުޅީގައި ކުރާ ކަމެއްތަ ތީ؟” ޖަލާލު ސުވާލުކުރި އިރު އޭނާ އިނީ ޖަޒްލާއަށް ނަޒަރު ހުއްޓާލައިގެންނެވެ. އެ ކޮއްކޮ ކަމެއް ފޮރުވާނަމަ އެކަން ހޯދައިގަންނަން ބޭނުންވެފައި އިންހެނެވެ.

“މި ނިންމުމާ އީތަންއާ އެއްވެސް ގުޅުމެއްނެތް”

“ކައިވެންޏަކީ ވަރަށް ބޮޑު ސްޓެޕެއް. ވަރަށް ވިސްނާފައި ނޫނީ އެ ފަދަ ބޮޑު ފިޔަވަޅެއް ނަގާކަށް ނުވާނެ. ބޭނުންވީމާ އިނދެފައި ނުރުހޭ ކޮންމެ ފަހަރަކު ވަރިވާކަށް މީހަކާ އިންނަން ނިންމައިގެން ނުވާނެ”

“ބޭބެ ކީއްވެތަ އަޅުގަނޑަށް އިތުބާރު ނުކުރަނީ. މި ބުނީނު ކައިލްއާ ކައިވެނިކުރަން އަޅުގަނޑު ނިންމީ އެގޮތް ބޭނުންވެގެންނޭ. އޭނާއާއެކު ރަނގަޅު ދިރިއުޅުމެއް ފެންނާނޭކަމުގެ އުންމީދު އެބައޮތް… އޭނާއާ އެއްވަރަށް އަޅުގަނޑުގެ ކަންކަން އެނގޭނެ މީހަކު ނުހުންނާނެ. ކައިލްއަށް އަޅުގަނޑަށް އިތުބާރުކުރެވޭ. އަނެއްކޮޅުން މަންމައާއި ބައްޕަގެ ހިތްހަމަޖެހުން ހޯދައިދޭން ވެސް ބޭނުން. އަޅުގަނޑު އުޅޭގޮތުން އެމީހުން ފިކުރުކުރާވަރު އެނގޭ”

“އައި އޭމް ޝޮކްޑް… އެކަމަކު ވަރަށް އުފާވެއްޖެ… ޖޭޒްގެ ފަރާތުން ތިކަހަލަ ހަރުދަނާ ވާހަކަތަކެއް އިވުނީމަ ހަޤީޤަތުގައި ވެސް ވަރަށް އުފާވެއްޖެ. ކައިލަންއަކީ ވަރަށް ކެތްތެރި ޒުވާނެއް އަދި ޖޭޒްދެކެ އޭނާ ވަރަށް ލޯބިވާކަން އެނގޭ… އެހެންނޫންނަމަ މިހާ ދުވަހު ކިހިނެއް ޖޭޒްއާއެކު މީހަކަށް ކެތްކޮށްލެވޭނީ…” ޖަލާލު ހީނލިއެވެ. ޖަޒްލާގެ ތުންފަތަށް ވެސް ހިނިތުންވުމެއް ވެރިވެގެންދިޔައެވެ.

“ބޭބޭ… އިހަށް މަޑުކޮށްލަދީފާނަންތަ؟” ޖަލާލު ބުނަން އައި ވާހަކަ ބުނެފައި ކޮޓަރިން ނުކުމެގެން ދިއުމަށް ތެދުވުމާއެކު ޖަޒްލާ ބުނެލިއެވެ.

“ކިހިނެއްވީ؟” ދޮރުފަތުގައި ހިފަހައްޓާލައިގެން ހުރެ ޖަލާލު އަހާލިއެވެ.

“އީތަން ރަނގަޅުތަ؟” ދެއަތްދެއަތާ ޖޯޑުކޮށްލައިގެން ހުރެ ޖަޒްލާ މިހެން އަހާލީ ނުކެރިފައި ހުރެކަން ޖަލާލުއަށް ނަގައިގަނެވުނެވެ. އޭނާ ފުންނޭވާއެއް ލާފައި އަލުން އައިސް ސޯފާގައި އިށީނެވެ.

“އޭނަ ފެންނަނީ ވަރަށް ބޮޑަށް ބަދަލުވެފައިވާތަން… މިހާރު އީތަންގެ ކައިވެނި ވެސް ހަމަޖެހިއްޖެ…” ޖަލާލަށް އީތަންއާ ބެހޭ ގޮތުން އެނގިފައިވާ ހުރިހާ ކަމެއް ޖަޒްލާއަށް އޮޅުންފިލުވައިދިނެވެ. ޒޫރިންއާ ދެމީހުން ވަރަށް އަވަހަށް ކައިވެނި ކުރާނެކަން އެނގުމުން ޖަޒްލާގެ ހިތަށް ފުން ތަދެއް އިހުސާސްވިއެވެ. އެހެންނަމަވެސް އޭނާގެ މޫނުމަތިން އެކަން ފާޅުވިޔަކަ ނުދެއެވެ. އޭގެ ބަދަލުގައި އަމިއްލަ ހިތަށް ވިސްނައިދިނެވެ. އީތަންއަކީ މިހާރު އޭނާގެ ހައްޤެއް ނޫންކަމެވެ. ޖަލާލު އެ ކޮޓަރިން ނުކުމެގެން ދިއުމުން ވެސް ޖަޒްލާއަށް އިރުކޮޅަކު ވިސްނަން އިނދެވުނެވެ.

* * * *

ހ.ބުލޫމޫންގޭ ދޮރޯށިން ވަންނައިރު ގޭތެރޭގައި ޚާއްޞަކަމެއް ހިނގަމުންދާކަމުގެ އެއްވެސް އަސަރެއް ފެންނާކަށްނެތެވެ. އެހެންނަމަވެސް އެއްފަރާތުގައި ހުރި ސިޑިން މައްޗަށް އަރައިގެން އަންނައިރު ގޭގެ ޓެރެސް ފެނުމުން އެތަން ޒީނަތްތެރިކޮށްފައިވާވަރު ފެނުމުން ޔަޤީނުން ވެސް ޚާއްޞަކަމެއް އެކުލެވިފައިވާކަން އެނގޭނެއެވެ. ރޭގަނޑު ނުވައެއް ޖަހަން ކައިރިވެފައިވާއިރު މުޅި ޓެރެސްގައި ވަށައިގެން ދަމާފައިވާ ބޮކިތަކުގެ އަލީގައި އެންމެން ހަރަކާތްތެރިވަމުންދިޔައިރު މާޙައުލުގެ އުފާވެރިކަން އިތުރުވެފައިވެއެވެ. ތަހުސީނުގެ ޢާއިލާގެ މެންބަރުންނާއި އީތަންގެ ޢާއިލާގެ މެންބަރުން އެތަނުގައި ތިއްބެވެ. އެކަކު އަނެކަކާ ތަޢާރުފުވުމުގައެވެ. ހީނ ސަމާސާގެ އަޑުތަކެވެ. އޭރު ގޭތެރޭގައި ޒޫރިން އޭނާގެ ކޮޓަރީގައި ހުއްޓެވެ. އެތަނުގައި ރޭޝްމާއާއި ހަމްރާއާއި ރާބިއާގެ އިތުރުން މީޒާ ހުއްޓެވެ. ކޮންމެ މީހެއްގެ މޫނުމަތިން އުފާވެރިކަން ފާޅުވޭވޭ ހުއްޓެވެ. އެންމެ ފަހުވަގުތު ރާއްޖޭން ބޭރުގައި ހުރި ނާޒިލަށް ޒޫރިންގެ ކައިވެނީގެ ޚަބަރު ލިބުމާއެކު އޭނާ މާލެއައީ ޒޫރިންގެ ކައިވެންޏަށް ވަރަށް ތައްޔާރުވެގެންނެވެ. ޒޫރިންގެ މައްޗަށް ދަރިއެއްގެ ކުލުނު ޖެހިފައިވާއިރު އޭނާގެ ހަޔާތުގައި އަންނަ ކޮންމެ އުސްގަނޑަކާއި އަޑިގަނޑެއްގައި ނާޒިލު އައީ ޝާމިލުވަމުންނެވެ. ވީއިރު ޒޫރިންގެ ކައިވެނީގައި އޭނާ ނެތުމަކީ ޚިޔާލަށް ވެސް ނުގެނެވޭނޭވަރު ކަމެކެވެ.

ޒޫރިންގެ ކޮޓަރީގައި އައިސް މީހަކު ޓަކި ޖަހާލުމާއެކު ދޮރާ އެންމެ ކައިރީގައި ހުރި މީޒާ ކުޑަކޮށް ދޮރު ހުޅުވާލިއެވެ. ދޮރުމަތީ ހުރީ ޝައުންއެވެ. ކައިވެނިކޮށްދޭ މީހުން އަތުވެއްޖެކަމުގައި ޝައުން ބުނެލީ ވަރަށް ޖޯޝާއެކުއެވެ.

“މިދަނީ…” މީޒާ ބުނެލިއެވެ.

ޓެރެސްގައި ތިބި އެންމެންގެ ނަޒަރު އެތަނަށް ނުކުމެވެން ހުރި ދޮރާދިމާއަށް ހުއްޓުނެވެ. ހުދުކުލައިގެ އަތްދިގު ކައިވެނި ހެދުމުގައި ޒޫރިން ހުރިއިރު އޭނާގެ އަނަރޫފަވެފައި ހަށިގަނޑުގެ އައިބުކަން ފޮރުވައިދެއެވެ. ކޮށްފައިވާ އާދައިގެ މޭކަޕުގައި ވެސް އެ މޫނުމަތިން އުޖާލާކަމެއް ފާޅުވަމުންދިޔައެވެ. ފަރުވާކުޑަގޮތަކަށް ފަހަތަށް ޖަހާލާފައިވާ ހުޅިއެއްހެން ޒޫރިންގެ އިސްތަށިގަނޑު ހަދާލާފައި ހުރިއިރު އޭނާގެ މޫނުމައްޗަށް ދިރުންލިބިފައިވާކަން ވަކިން ބޮޑަށް ސާފުކޮށް ފެންނަން ހުއްޓެވެ. އުނަގަނޑަށް ހިފާލާއި ޖަހާފައިވާ ބޮޑުޓައީގެ ސަބަބުން ޒޫރިންގެ އުނަގަނޑުގެ ހިމަކަން ފާޅުވެއެވެ. އަދި ކުރިއަށް އަޅާލާ ކޮންމެ ފިޔަވަޅާއެކު އެލިފައި އޮތް ޓައީގެ ދެބައި ހެނދުމުގެ ފަސްބަޔާއެކު ހެލިލައެވެ. އާދައިގެ ހުދު ހެދުމެއް ކަމުގައި ބައެއް މީހުންނަށް ފެނުނަސް އެ ހެދުމުގައި ޒޫރިން ފެނުމުން އެކަން ނެތި އިތުރު ފުރިހަމަކަމެއް ލިބިފައިވެއެވެ.

ގޮނޑީގައި އިށީނދެ އިން އީތަންއަށް ދެ ލޯ ބޮޑުކޮށްފައި ޒުރިންއަށް ބެލެނީއެވެ. ރޭޝްމާއާއެކު ޒޫރިން އައިސް މޭޒާ ކައިރިވުމާއެކު ކުއްލިއަކަށް އީތަން ތެދުވިއެވެ. އަދި ޖެހިގެން ހުރި ގޮނޑު ފަހަތަށް ދަމާލާފައި ޒޫރިން އިށީނުމަށް ތަންދެއްކިއެވެ. އޭރު ވެސް އޭނާގެ ނަޒަރު ހުއްޓިފައި ހުރީ ޒޫރިންގެ މޫނަށެވެ. ދުނިޔެމަތީގައި އެފަދަ ދެވަނަ ފުރިހަމަކަމެއް ނުވާނެކަން އީތަންގެ ހިތް ބުނަމުންދިޔައެވެ. ޒޫރިންގެ ބޮޑު ދެ ލޮލުން ބަލާލާ ކޮންމެ ފަހަރަކު އީތަންގެ ވަށައިގެންވާ ކާއިނާތު އަނދިރިކޮށްލާ ހަމައެކަނި ޒޫރިންއަށް ނަޒަރުހުއްޓާލުމަށް މަޖުބޫރުކުރާ ފަދަ ސިހުރެއް ޖެހިދެއެވެ. މިފަހަރު ވެސް އޭނާއަށްވީ އެހެންނެވެ. ވަށައިގެން އުޅޭ އެންމެންގެ އަޑުތައް ކަނޑި އޭނާގެ ވުޖޫދުގައިވާ ހަމައެކަނި ފަރާތަކީ ޒޫރިންކަމުގައިވެ ނިމިއްޖެއެވެ.

“އީތަން…” ސުފިޔާނުގެ އަޑާއިއެކު އޭނާގެ އަތްތިލަ އީތަންގެ ކޮނޑުގައި ބާއްވާލުމާއެކު ކުޑަކޮށް ސިހިފައި އީތަން ބަލާލިއެވެ. އެއާއެކު ވަށައިގެން ތިބި މީހުންގެ ހުނުމުގެ އަޑުއިވިގެން ދިޔައެވެ. އެކިގޮތްގޮތުން އީތަންއާ ދިމާކޮށްލުމުގެ ބަސްތައް އިވިގެންދިޔައެވެ.

ޤާޟީ ކައިވެނީކޮށްދިނުމުގެ ކަންކަން ފެށިއެވެ. އެއާއެކު މުޅި މާޙައުލަށް ހިމޭންކަން ވެރިވެގެން ދިޔައެވެ. އެއްފަރާތުގައި ސްޓޭންޑުގައި ކައިވެނި ކުރެވޭ ތަން ވީޑިއޯ ކުރުމަށް ކެމެރާއެއް ބަހައްޓާފައި ހުއްޓެވެ. އަދި ގަދަ އައްޔަކުން އެތަން އަލިކުރުމަށް ދިގުދަނޑިއެއްގައި ހަރުކޮށްފައި ހުރި ސްޓޫޑިއޯ ލައިޓު ވެސް ހުއްޓެވެ. އަނެއްކޮޅުން ނާޒިލާއި ޝައުން ކެމެރާ ހިފައިގެން ފޮޓޯ ނެގުމުގައި އުޅެއެވެ. ލޯ ތަރަތަރަ ޖަހައިގެން ދާ ފަދަ ފްލޭޝްގެ އަލިތައް ކެނޑެމުންދިޔައެވެ.

ޒޫރިންއަށް ބަލަންހުރި ރޭޝްމާގެ ދެލޯ ފުރެމުންދިޔައެވެ. އޭނާ މަޑުމަޑުން ކަރުނުން ފުރިބަންޑުންވަމުން ދިޔަ ދެ ލޯ ފުހެލިއެވެ. އެހިނދު ރޭޝްމާގެ ކޮނޑުގައި އޭނާގެ ދެފަރާތުގައި ތިބި މީޒާއާއި ހަމްރާ އަތްޖައްސާލަމުން ފިރުމާލިއެވެ. ކޮންމެ މަންމައަކަށް ވެސް އެއީ އުފާވެރިކަމުގެ ވަގުތުކޮޅަކަށް ވާނޭކަން ޔަޤީނެވެ. އަންހެންދަރިފުޅުގެ ކައިވެނި ކުރެވޭ ވަގުތެވެ. އެތައް ފޮނި އުންމީދުތަކެއް އެ ދަރިފުޅާ ގުޅިފައިވާނެއެވެ.

“އިޒްންޓް ޝީ ބިއުޓިފުލް…” ޓެރެސްގެ އެއްފަރާތުގައި މަޑުކޮށްލައިގެން ހުރި އައިނީއަށް ބޭއިޚްތިޔާރުގައި ކައިރީގައި ހުރި ނުފައިލުގެ އަތުގައި ހިފާ ފިތާލެވުނެވެ. އެއާއެކު ނުފައިލުގެ ނަޒަރު އައިނީއަށް ހުއްޓިގެން ދިޔައެވެ. އެ ބަލާލުމުގައި ތަފާތު މާނައެއް އެކުލެވިފައި ހުއްޓެވެ. ހިނިތުންވެލައިގެން ހުރެ ކައިވެނީގެ ކަންތައްތައް ކުރިއަށްދާ މޭޒުގެ ދޮށުގައި އިން ޒޫރިންއަށް ބަލާލާފައި އަނެއްކާ ވެސް ނުފައިލުގެ ނަޒަރު އަމާޒުވީ އައިނީއަށެވެ.

“އައިނީ… އަހަންނަށް އައިނީ ވަރަށް ކަމުގޮސްފި. އައިނީއާ ކައިވެނިކުރަން ބޭނުން… ހަމައެކަނި އަހަރެންގެ މީހަކަށް އައިނީ ހެދޭނެ ގޮތަކީ އެއީ…”

“ވަޓް!…. ތީ އެހެންމީހުންނާ މުޅިން ތަފާތު މީހެއް ދޯ… ރައްޓެހިވާން ނާހާ ފުރަތަމަ ވެސް އަހަނީ އިންނަންތަ؟” ހައިރާންކަމެއް ލިބިގެން ދިޔަ އައިނީގެ މޫނުމަތިން އުފާވެރިކަން ވެސް ފާޅުވެގެން ދިޔައެވެ. ނުފައިލު ހާމަ އެ ކުރީ އައިނީގެ ހިތުގައި ވެސް އުފެދެމުންދިޔަ ޝުޢޫރުތަކެއް ކަހަލައެވެ.

“އެނގޭ އަހަންނާއި އައިނީ ބައްދަލުވިތާ ގިނަ ދުވަހެއް ނުވާކަން، އަހަންނަކީ އިތުބާރު ހިފޭ މީހެއްކަމުގައި ސާބިތުކޮށްދޭނަން. އަހަންނަށް އައިނީ އެހާ ކަމުދާއިރު ރައްޓެހިވެގެންނޭ ކިޔައިގެން ދުވަސްތަކެއް ބޭކާރުކޮށްލަނީ ކީއްކުރަން. ކިތަންމެ ދުވަހަކު ދެމީހުން ދަސްކުރަން އުޅުނެއްކަމަކު އެއީ ނުވާނެކަމެއް. އެކަމަކު ކައިވެންޏަށްފަހު ކޮންމެ ދުވަހަކީ ވެސް އައުކަންތައްތަކެއް ތަޖުރީބާކޮށްލަން ލިބޭ ދުވަހެއް… އަހަރެންގެ ހިތް އެދޭ ބައިވެރިޔާއާއެކީ… އަނެއްކާ އައިނީއަށް އަހަރެން ކަމުދޭތަ؟ މިހުރިހާ ވާހަކައެއް މި ދެއްކުނީ އައިނީގެ ހިތުގައިވާ އެއްޗެއް އަހާ ވެސް ނުލާ” އައިނީގެ އަތްތިލައިގައި ނުފައިލު ހިފާލިއެވެ.

“ކަމުނުދެޔޭ ބުނެފިއްޔާ؟” ލާނެތް ހިނިތުންވުމަކާއެކު އައިނީ ބުނެލިއެވެ.

“އެހެންވެއްޖެއްޔާ އަހާލާނީ އައިނީއަށް ކަމުދަނީ ކޮންކަހަލަ ކޮންގޮތަކަށް ހުންނަ ޒުވާނެއްތޯ؟ ދެން އައިނީ ބޭނުންވާ ކަހަލަ ޒުވާނަކަށް އަހަރެންވާން މަސައްކަތްކުރެވޭނެއެއްނު…. އޭރުން ހަމަގައިމު ވެސް އައިނީއަށް ކަމުނުގޮހެއް ނުހުންނާނެއެއްނު” ނުފައިލު ވެސް ލުއި ގޮތަކަށް ހީނލިއެވެ.

“ނުފައިލުގެ ތިހުންނަ ތަފާތުކަން އެހެންމީހެއްގެ ގައިގާ ހުންނާކަށް ބޭނުމެއްނޫން”

“ދެން ތިބުނަނީ އައިނީއަށް އަހަރެން ކަމުދެޔޭތަ؟” ނުފައިލު އަހާލި ސުވާލަށް ލަދުވެތި ހީނލުމަކުން އައިނީ ޖަވާބުދިނެވެ. އަދި ނިކަން އަވަހަށް ބޯޖަހާލީ އާނއެކޭ ބުނުމުގެ ގޮތުންނެވެ.

ނުފައިލަށް އޭނާގެ ޖަވާބު ލިބުމާއެކު އައިނީގެ އަތުގައި ހިފާ ކުޑަކޮށް ދާމާލާފައި ގާތަށް ޖެހިލިއެވެ. އަދި ކަންފަތްދޮށުގައި ސިއްރުވާހަކައެއް ނުފައިލު ބުނެލިއެވެ. އެހިނދު އައިނީ އޭނާގެ މޫނު ދެއަތްތިލައިން ފޮރުވާލުމާއެކު ލަދުން އިސްޖަހާލިއެވެ. މި މަންޒަރު އެތަނުގައި ތިބި އެކަކަށް ވެސް ފާހަގައެއް ނުކުރެވެއެވެ. އެންމެންގެ ސަމާލުކަން ހުއްޓިފައިވަނީ އީތަން އާއި ޒޫރިންއަށެވެ.

ހާސްކަމާއި ޖެހިލުންވުމުގެ ތެރެއިން އީތަންއާއި ޒޫރިންގެ ހަތަރުކަޅި ބައްދަލުވި ހިނދު ދެ ހިތުގައި އުފެދެމުންދިޔަ ޖަޒުބާތުތައް އުތުރުގަތެވެ. ނޭފަތުގެ ހިނދުރީގައި ނޭވާ ހުއްޓުމަކަށް އައިއެވެ. ދެން އިވިގެން ދިޔައީ ޤާޟީގެ އަޑެވެ. އީތަންއަށް އޭނާގެ ލޯބި މިލްކުކުރަންވީ ވަގުތު ޖެހުނީއެވެ. މުޅި އުމުރު އެކުގައި ހޭދަކުރުމަށް އޭނާގެ ހަޔާތަށް ހޮވި ބައިވެރިޔަކީ ޒޫރިންއެވެ. އެކަން މުޅި ދުނިޔަށް ޢިއުލާންކުރަންވީ ވަގުތު ޖެހުނީއެވެ. އީތަންގެ ބުރަކަށީގައި ސުފިޔާނު މަޑުމަޑުން އަތްޖައްސާލިއެވެ.

“އަނބިޤަބޫލުކޮށްފިން” ނުހަނު ކެތްމަދުވެފައި އިން އީތަންގެ ދުލުން އޭނާ އިންތިޒާރުކުރަމުން އައި ބަސް ބޭރުކޮށްލިއެވެ.

މެޙެފިލްގެ އުފާވެރިކަން އިތުރުވެގެން ހިނގައްޖެއެވެ. ޒޫރިން އާއި އީތަންގެ ކައިވެނި ކުރެވިއްޖެއެވެ. އަލަތު ދެމަފިރިންކަމުގައި އެ ދެ ޒުވާނުން ވެއްޖެއެވެ. ކައިވެނީގެ ރަޖިސްޓްރީގައި ދެ ޒުވާނުންގެ ނަން ފަވާލެވި ރަމްޒީ ލިޔުން ހަވާލުކުރެވިއްޖެއެވެ. މޭޒު ދޮށުން ޤާޟީ ތެދުވުމާއެކު އޭނާއާ ސަލާމްކުރުމަށް ސުފިޔާނުއާއި ތަހުސީނު އަވަސްވެގަތެވެ. ކައިވެނީގެ މަރުޚަބާއާއި މުބާރިކުބާދީ އެންމެންހެން އީތަންއާއި ޒޫރިންއަށް ކިޔަމުންދިޔައެވެ. ދެ ފަރާތުގެ ޢާއިލާ އެއްތަނަކަށް ޖަމާވެފައިވާއިރު ތަނުގައި ހަރަކާތްތެރިވަމުން އަންނަ މީހުން ގިނަ ކަމަށް ފެނެއެވެ. ކެމެރާ އެއްއަތުން ހިފަހައްޓާލައިގެން ހުރި ޝައުން އައިގޮތަށް އައިސް އީތަންގެ ގައިގައި އޮޅުލައިގަތެވެ. އެންމެގާތް އެކުވެރިޔާގެ ބުރަކަށީގައި ޖަހާލަމުން މަރުޚަބާކިޔެވެ.

“ޢާއިލީ ގުޅުމުން ރީންއަށް ވެސް ދެން ވަތްކެއްނުވެވޭނެ… އެހެންނު ޝައުން” ޝައުންގެ ފަހަތުން އިވުނީ މީޒާގެ އަޑެވެ. ހިނިއައިސްފައި ހުރި ޝައުން ވަރަށް އަވަހަށް ބޯޖަހާލިއެވެ. މީޒާ އެބުނީ ތެދެކެވެ. ޒޫރިންއަކީ ތަހުސީނުގެ ދަރިއަކަށްވާއިރު އެ ޢާއިލާއާ ޒޫރިން ވަކިކޮށްލާނީ ކިހިނެއްހެއްޔެވެ؟

“ދަރިފުޅުގެ ކޮއްކޮއަކަށް ރީންވާނީ، އެވަރު ވާނެ ދަރިފުޅު ދަންނަން…” މީޒާ ބުނެލި ޖުމްލައިން ޝައުންއަށް ބަލާލެވުނީ ރޭޝްމާއަށެވެ. ސިކުނޑީގައި އެ ކަޅު ހަނދާންތައް ބޮނޑިވެގަތެވެ. އެހެންނަމަވެސް އޭނާ އައު އަޒުމަކާއެކު ބޭރުކޮށްލި ނޭވާއިން ހިނިތުންވެލިއެވެ.

“އީތަންއަށް ދެން ނުކެރޭނެ ސިސް ރޮއްވާލާކަށް… އައި ޕްރޮމިސް” ޒޫރިންގެ ކޮލުގައި މަޑުމަޑުން ޖަހާލަމުން ޝައުން ބުނެލިއެވެ. އެއާއެކު އީތަން ހީނލިއަޑުއިވުނެވެ. މީޒާ ވެސް ހިނިއައިސްފައި ހުރެ ޒޫރިންގެ ކޮނޑުގައި ހިފައި ގެނެސް ގާތްކޮށްލިއެވެ. ދެން ފެނުނީ އެތަނަށް އައި ރޭޝްމާއެވެ. އުފަލުން ގޮސް އޭނާ ދަރިފުޅު އުރާލާން އުޅުނު ކަހަލައެވެ. ޝުކުރުވެރި ނަޒަރަކުން އީތަންއަށް ބަލާލުމާއެކު ޒޫރިންގެ ނިތްކުރީގައި ބޮސްދިނެވެ.

“މާމަގެ ގާތަށް ނާންނާނަންތަ؟” ރާބިއާގެ އަޑުއިވުނެވެ. އެއާއެކު އީތަންގެ ހަރަކާތްތަކަށް ބަދަލެއް އައެވެ. އޭނާ އަވަސްއަވަހަށް ރާބިއާގެ އަޑުއައި ދިމާއަށް ބަލާލުމާއެކު ޒޫރިންގެ އަތުގައި ހިފާލައިގެން އައިސް ރާބިއާގެ ގާތުގައި ހުއްޓުނެވެ.

“މާމާ…” އީތަން ގޮވާލިއެވެ. ރާބިއާގެ ހެޔޮދުޢާތަކާއެކު ޒޫރިންގެ ބޮލުގައި ފިރުމާލާފައި އެކުއްޖާގެ ނިތުގައި ބޮސްދިނެވެ. އަދި ކައިރީގައި ޖަހާފައި ހުރި ގޮނޑިތަކުން ގޮނޑިއެއްގައި އިށީނދެ އޭނާގެ ގާތުގައި ޒޫރިން ބޭންދިއެވެ.

“މިހާރު ގެއިން ނުނިކުމެވުނަސް ދަރިފުޅު އަދި ފުރިހަމަ މިނިވަނަކަށްވާނެއެއްނު، އޭރުން ދަރިފުޅުވާނެ ވަރަށް ގިނައިން މާމަމެންގެއަށް އަންނަން. ކުޑަކުޑަ ޝަމްޢާނު ބޮޑުވާތަން ދުށުމުގެ ނަސީބުލިބިގަތުމަށް މާމަ ވަރަށް ބޭނުން… ތި ދެ ކުދިން ވެސް އުފަލުގައި އުޅޭތަން ދުށުން މިހާރު ހިތުގައިވާ އެންމެބޮޑު އެދުމަކީ… އީތަން، ދެމަފިރިންނަށް މިހާރު ތި ދެކުދިންތިވަނީ ވެފައި. ރީތި އުޅުމެއް އުޅެން މަސައްކަތްކުރާތި. ރީންގެ ހުރިހާ ޒިންމާއެއް މިއަދުން ފެށިގެން އެޅިފައިވަނީ އީތަންގެ ބޮލުގައި. އެވަރު ދަރިފުޅުވާނެ ދަންނަން… އަނބިމީހާއަށް ހެޔޮކޮށްހިތާތި ކޮންމެހާލެއްގައި ވެސް… މާމައަށް އެނގޭ އީތަންއަށް ރީންކަމުދާވަރު، އަދި ރީން އުފަލުގައި ބަހައްޓާނެކަން ވެސް، އެހެންވިޔަސް ހަނދާންކޮށްދިނުމަކީ ކުރުން ރަނގަޅުކަމެއް” ރާބިއާ ވަކިވަކިން އީތަން އާއި ޒޫރިންގެ ގައިގާ ފިރުމިއެވެ.

ޤާޟީއާއިއެކު ކައިވެންޏަށް ހާޟިރުވި ބޭފުޅުން އެނބުރި ވަޑައިގަތުމާއެކު ގޭތެރޭގައި ޢާއިލާގެ މީހުން ފިޔަވައި ދެން އިތުރުބަޔަކުނެތެވެ. އަޑުފަށްގަނޑު ގަދަވީ ދެނެވެ. އެކި ގޮތްގޮތަށް ޢާއިލާގެ އެކި މެންބަރުންނާއެކު ފޮޓޯނެގުމާއި ޢާއިލާގެ ދުވަސްވީ މީހުންގެ ނަޞޭޙަތުގެ ބަސްތައް ޒޫރިންއާއި އީތަންއަށް އިވެމުންދިޔައެވެ. ދެ ޒުވާނުން ވެސް އަވަދިނެތި އުޅެންޖެހުނީ ޢާއިލާގެ މީހުންނާއެކުއެވެ. އެހެން އުޅެމުން ވެސް ޒޫރިން އޭނާގެ ދަރިފުޅު އުރާލުމަށް ވަގުތު ހޯދިއެވެ. ހަޔާތުގައި މިހާތަނަށް ދިމާވި ހުރިހާ ހިތްދަތިކަމެއް ފިލާ ހިނގައްޖެއެވެ. އެއަށްވުރެ ހިތަށް ލިބެމުންދިޔަ އުފާވެރިކަންވަނީ އިތުރުވެފައެވެ. ޝަމްޢާނު ގޮވައިގެން އީތަން އުޅޭގޮތް ފެނުމުން ވަކިން ބޮޑަށް ޒޫރިން އުފާވެއެވެ. މިހާރު ވެސް އޭނާ ބައްޕައެއްގެ ގޮތުގައި ސިފަވެގެން ދެއެވެ.

ޢާއިލާގެ އުފާވެރިކަމުގައި ބައިވެރިވާން އުޒުރުވެރިވެފައި އިންހެން ޒާހިރާ އެކަހެރިކޮށް އިނެވެ. އަބްދުއްސައްތާރު އައިސް ޒާހިރާގެ ކުރިމަތީ ހުއްޓިލިއެވެ.

“އަދިވެސް ތި އިންނަނީ މޫނު ހަދައިފައިތަ؟ މި މާޙައުލުން ވެސް ޒާހިރާގެ ތި ތުންފަތަށް ހިނިތުންވުމެއް ނައިތަ؟” އަބްދުއްސައްތާރު ބުނެލިއެވެ. އޭރު އޭނާ ހުރީ ޒޫރިންގެ ދަރިފުޅު އުރާލައިގެންނެވެ.

“އަހަރެން ހީނނުހެދިޔަސް އުފާވާމީހުން އުފާފާޅުކުރީމާ އެ ނިމުނީނު” ޒާހިރާގެ ރުންކުރު ބަސްތައް އިއްވާލިއެވެ.

“ޒާހިރާ ތިހާ ގޮތްދޫނުކުރާނެކަމަކަށް އަހަރެން ހިޔެއްނުކުރަން. އަހަރެންގެ ހިތް ބަދަލުވީ ތަހުސީނުދެކެ އަހަރެންވާ ލޯބި. އެ ދަރިފުޅަށް ރަނގަޅު މުސްތަޤުބަލެއް ހޯދައިދޭން އަހަރެން އަބަދުވެސް ބޭނުންވި. ތަޤުދީރު ރާވާފައިއޮތީ ކިހިނެއްކަމެއް އަހަންނަކަށް އޭރު ނޭނގޭ… ހަޤީޤަތުގައި ތަހުސީނަށް އެހެން އެ ދިމާވީ އަހަރުމެން ދެމީހުންގެ ވެސް އިހުމާލުން. އަހަރުމެންނަށް މާބޮޑަށް ދުނިޔޭގެ ޢިއްޒަތާއި އަބުރަށް ސަމާލުކަން ދެވުނީ… ދަރިފުޅު ބޭނުންވާގޮތް އެނގެން ބޭނުންނުވީ… އަހަރެން ބޭނުމެއްނޫން ޒާހިރާ ތިޔަ ގޮތަށް މޫނު ހަދާފައި އިންނާކަށް. އުފާވެރި ޢާއިލާއެއް ދުށުމަށް އަހަރެން ބޭނުންވަނީ… އުމުރުގެ ބާކީ އޮތް ދުވަސްތައް ހޭދަވެގެންދާން ބޭނުންވަނީ އެއްކުއްޖެއް އަނެއްކުއްޖަކާ ގުޅިގެން އުޅޭތަން ދުށުމަށްފަހު… މީގެ ފަހުން ޒާހިރާ ނުވާނެ ރީންއަކީ ތަހުސީނުގެ ދަރިއެއްނޫނޭ ބުނެގެން. އެކުއްޖާއަކީ އަހަރުމެންގެ ތަހުސީނުގެ ދަރިއެއް އަދި އަހަރެންގެ އަތުގައި މިއިނީ އެ ދަރިފުޅަށް ކާފަކިޔާ ދަރިއަކު… ނިކަން ބަލާލަބަލަ މި ކުއްޖާ ލޯބިކަން… މައުސޫމުކަން… އަހަރެން ހަނދާން އެބަހުރި ޒާހިރާ އަހަރުމެންގެ ދެ ކުދިން ކުޑައިރު ގެންގުޅުނު ގޮތް… ނުވިތާކަށް ޝައުން ކުޑަކުޑައިރު އެންމެ ގިނައިން ގެންގުޅުނީ ހަމަ ޒާހިރާ… ދެން ކީއްވެތަ ތިހާ ހިތްހަރުވެގެން ތިއުޅެނީ… ނިކަން މާފުކުރަން ދަނެބަލަ… އިންސާނުންނަށޭ ކުށްކުރެވެނީ. އަހަރުމެން ދެމީހުންނަށް ދިރިއުޅުމުގައި މިހިސާބަށް އާދެވިފައި މިތިބީ ކުށެއްނުކުރެވިއެއް ނޫނެއްނު… އަހަރެންގެ އެންމެފަހުގެ އެދުމަކީ ޒާހިރާ އެކުދިންނަށް މާފުކުރިން… ތި ހިތް ތަހުސީނާއި އޭނާގެ ޢާއިލާގެ މައްޗަށް ހެޔޮކުރުން…” ޒާހިރާ އިން ގޮނޑިއާ ޖެހިގެން ކަނާތްފަރާތަށް ހުރި ގޮނޑީގައި އަބްދުއްސައްތާރު އިނދެ އެތައް ވާހަކައެއް ދެއްކިއެވެ. އަދި ނިކަން ލޯބިން ޒާހިރާގެ އުނގުގައި ބާއްވާލާފައި އޮތް ވައަތްތިލައިގައި އަބްދުއްސައްތާރުގެ ކަނާތުން ހިފާ ބާރުކޮށްލިއެވެ. އެވަގުތު އަބްދުއްސައްތާރަށް ބަލާލި ގޮތުން ޒަމާންވީ ލޯބި ޒާހިރާގެ ލޮލުން ފާޅުވެގެންދިޔައެވެ. ހިނިތުންވެލަމުން އަބްދުއްސައްތާރު އޭނާގެ އުނގުގައި އިން ޝަމްޢާނު ނަގައި ޒާހިރާގެ އަތަށް ލައިދިނެވެ. އެއާއެކު އެކުއްޖާގެ ގައިގާ ނުހިފައި އިންނާކަށް ޒާހިރާއަކަށް ނުކެރުނެވެ. ތުއްތު ޝަމްޢާނު ސަކަރާތުގެ އަޑުތަކެއް ލައްވާލުމާއެކު ތެޅިލިއެވެ. އެހިނދު އަނގައިގެ އަރިމަތިން ފައިބައިގެން ދިޔަ ސޮނިކޮޅު ޒާހިރާގެ އަތުގައި ހޭކިގެންދިޔައެވެ. ޝަމްޢާނު ނަގާ މޭގައި ޖައްސާލަމުން އެކުއްޖާގެ ބުރަކަށީގައި ޒާހިރާ ފިރުމާލިއެވެ.

ހަފުލާ ނިމުމަކަށް އައީ ރޭގަނޑު އެގާރަޖެހިފަހުންނެވެ. ޢާއިލާގެ މެންބަރުންގެ ފަރާތުން ކައިވެނީގެ ހަދިޔާގެ ގޮތުގައި ތަފާތު އެއްޗެހި އީތަންއާއި ޒޫރިންއަށް ހަދިޔާކުރިއެވެ. އެންމެންގެ ފަރާތުން ހެޔޮ ދުޢާތައް އެ ދެމަފިރިންނަށް އޮހެމުންދިޔައެވެ. އީތަންއާއި ޒޫރިންއާ ވަކިވެގެން ހުރިހާ މެންބަރުން ނުކުމެގެން ދިޔައީ އުފަލުންތިބެއެވެ. އަހަރުތަކަކަށްފަހު ދެ ޢާއިލާއަށް ހީވެސް ނުކުރާވަރުގެ އުފަލަކަށް އީތަންއާއި ޒޫރިންގެ ކައިވެނިވެގެން ހިނގައްޖެއެވެ. ހީނ ސަމާސާކުރުންތަކާއެކު އެންމެން ވަކިވެ އެމީހުންގެ ގެއަށް އެނބުރި ހިނގައްޖެއެވެ. އެހެންނަމަވެސް ހަމްރާއާއި ރާބިއާގެ ލޮލުން ކަރުނު ހިލިގެން ދިޔަ ވަގުތަކަށް އެވަގުތު ވިއެވެ. އެމީހުން ބޭނުންވަނީ އީތަންއާއި ޒޫރިން އެމީހުންގެ ގާތުގައި އެގޭގައި ދިރިއުޅޭށެވެ. އެހެންނަމަވެސް ޒޫރިންއަކީ ރޭޝްމާއާއި ތަހުސީނުގެ ހުރި ހަމައެކަނި އަންހެންދަރިފުޅެވެ. އެހެންވެ އެމީހުންނާ ވަކިކޮށްލައިގެން އެ ދަރިފުޅު ގެންދިއުމަކީ ވެސް އިންސާފެއްނޫނެވެ. އަނެއްކޮޅުން ޒޫރިންގެ ނިންމުމަކީ ވެސް އެއީއެވެ. އޭނާގެ މައިންބަފައިންނާ ދުރަށް ދާން ބޭނުމެއްނުވެއެވެ. އެ ނިންމުމަށް އީތަން އިޙްތިރާމު ކުރިއިރު އޭނާގެ ޢާއިލާއިން އެގޮތާ ބޯލަނބަންޖެހޭނެއެވެ.

ޒޫރިން ހުރީ އީތަންގެ ޢާއިލާއިން ފެނިގެންދިޔަ ގާތްކަމާއި ލޯބިން ވަރަށް އަސަރުކޮށްފައެވެ. އަންހެންކުއްޖަކަށް އެންމެބޮޑު އުފަލަކާއި ހިތްހަމަޖެހުމެއް ލިބޭކަމަކީ އޭނާގެ ފިރިމީހާގެ ޢާއިލާ އޭނާއާމެދު ރުހުމެވެ. އީތަންގެ ޢާއިލާ ދުށީ ޒޫރިންއަކީ އީތަން ފަދައިން އެމީހުންގެ ދަރިއެއްގެ ގޮތުގައެވެ. ފެނިގެންދިޔައީ އެ ފަދަ ގާތްކަމާއި އޯގާތެރިކަމެވެ. އިވިގެންދިޔައީ ހެޔޮދުޢާގެ ބަސްތަކެވެ.

ރޭޝްމާ ކުޑަދަރިފުޅުގެ ގައިދޮއްވާލާފައި ނެރުނުއިރު އެކުއްޖާ ނިދިއައިސްގެން ރޮވެނީއެވެ. އެހެންނަމަވެސް ޒޫރިންއަށް އެމަސައްކަތް ޖައްސާކަށް އޭނާ ބޭނުމެއްނުވިއެވެ. އެހެންވެ އަވަސްއަވަހަށް އެކުއްޖާ ރީތިކޮށްލާފައި ނިންދެވުމަށް އުޅުނެވެ. ގިނައިރެއްނުވެ ރޭޝްމާއަށް އޭނާގެ މަސައްކަތް ކާމިޔާބުވިއެވެ. އޭރު ނާޒިލާއި ތަހުސީނާއެކު އީތަންއާއި ޒޫރިން ޓެރެސްގައި މަޑުކޮށްލައިގެން ތިއްބެވެ. ނިދާފައި އޮތް ޝަމްޢާނު ގެނެސް ކުޑައެނދުގައި ބާއްވާލުމާއެކު ރޭޝްމާ ހިންދެމިލިއެވެ. އަދި ޓެރެސްއަށް ނުކުމެ ތަހުސީނަށް އިޝާރާތެއްކޮށްލިއެވެ.

“ކޮބާ ދެން އެތެރެއަށް ވަންނަމާ؟ މާދަމާ މިތަން ހަމައަކަށް އަޅުވާލާނީ… ދޯ ނާޒިލު” ތަހުސީނު ތެދުވަމުން ބުނެލިއެވެ.

“އާން! އަންނާނަން ހެނދުނު ސައިބޯން” ނާޒިލު ޖަވާބުދިނެވެ.

ހިމޭންކަމުގައި ތިބެ އީތަންއާއި ޒޫރިން ގޭތެރެއަށް ވަނެވެ. ތަހުސީނާއެކު ނާޒިލު ހިނގައިގަތީ ޓެރެސްގައި ހުރި ސިޑިއާ ދިމާއަށެވެ. ނާޒިލު ނުކުތުމުން ދޮރޯށި ތަޅުލާފައި އައުމަށެވެ.

“ޝަމްޢާނު ވަރަށް އަވަހަށް ނިދައިފި. އެހެންޏާ ނިދާގަޑި ފަހަނައަޅައި ދިޔައީމަ ވަރަށް ރޮއެރޮއެފައި އެ ނިދީ. މަންމަ މިދަނީ ކޮޓަރިއަށް” ރޭޝްމާ ބުނެލިއެވެ.

ހިތްއަވަސްވެފައިތިބި ދެ މީހުންހެން އީތަންއާއި ޒޫރިން އެކަކުއަނެކަކަށް ބަލާލިއެވެ. ޒޫރިން އޭނާލައިގެން ހުރި ދިގު ހެދުމުގެ ފަސްބައިގައި އެއްއަތުން ހިފަހައްޓާލައިގެން ހުރެފައި ކުރިއަށް ހިނގައިގަތެވެ. އޭނާގެ ފަހަތުން އީތަން މަޑުމަޑުން އައެވެ. ޒޫރިން އޭނާގެ ކޮޓަރީގެ ދޮރުހުޅުވާލާފައި އެތެރެއަށް ވަނުމުގެ ކުރިން މަޑުކޮށްލެވުނެވެ. ވިންދު އަވަސްވެފައިވާ ހިތުގެ ހިނގުން ހަމައަކަށް އެޅުވުމަށްޓަކައި ފުންނޭވާއެއް ޒޫރިން ލިއެވެ. ފަހަތުގައި ހުރި އީތަން މަޑުމަޑުން ޒޫރިންއަށް ގޮވާލިއެވެ. އެއާއެކު ޒޫރިން ކޮޓަރިތެރެއަށް ވަނެވެ. މުޅިކޮޓަރިއަށް ބަދަލުތަކެއް އައިސްފައި ހުރިކަން އީތަންއަށް ފާހަގަވިއެވެ. މަޑުފެހިކުލައިގެ ފަރުދާސެޓެއް ކުޑަދޮރުގައި އަޅުވާފައި ހުރިއިރު ކުރިން އެކޮޓަރީގައި ހުރި އެނދުވެސް ވަނީ ބަދަލުކޮށްފައެވެ. އެ ދެމަފިރިންނަށްޓަކައި އެކޮޓަރިވަނީ ވަރަށް ފުރިހަމައަށް ތައްޔާރުކޮށްފައެވެ. ޒޫރިން އައިސް މަޑުކޮށްލީ ކުޑައެނދުގެ ކައިރީއެވެ. މަޑުމަޑުން ދޮރުލައްޕާތަޅުލުމާއެކު އީތަން ވެސް އެތެރެއަށް ވަދެގެން އައެވެ. އެނދުކައިރީ ހުރި ސައިޑްޓޭބަލްގެ މަތީ ފާރުގައި ލައްކޮށްލާފައި ހުރި އޭފޯ ސިޓީއުރަ އީތަންގެ ލޮލުގައި އަޅައިގަތެވެ. އޭގައި ހައިލައިޓަރަކުން ލިޔެފައި ހުރިއިރު އެ ލިޔުމަކީ ކާކުގެ ލިޔުމެއްކަން އީތަންއަށް އެނގުނީއެވެ. ހިނިތުންވުމެއް ވެރިވުމާއެކު ދެފަރާތަށް ބޯހޫރާލެވުނެވެ. އަދި އޭނާގެ ސަމާލުކަން ކުޑައެނދު ކައިރީ ހުރި ޒޫރިންއަށް ހުއްޓުނެވެ.

“ޔޫ ލުކް ސޯ ބިއުޓިފުލް” ޒޫރިންގެ ފަހަތުން އައިސް ހުއްޓިލަމުން އީތަން ބުނެލިއެވެ.

“އަހަރެން އީތަންދެކެ ވަރަށް ލޯބިވޭ. އަހަރެން ދޫކޮށްލާފައި ނުދައްޗޭ” ޒޫރިން ވާހަކަދެއްކީ ވަރަށް މަޑުމަޑުންނެވެ. އެހެންނަމަވެސް އެ ކޮޓަރީގެ ހަތަރުފާރުގެތެރޭގައި ސާފުކޮށް ޒޫރިންގެ އަޑު އީތަންއަށް އިވެމުންދިޔައެވެ.

“ވަޢުދުވަން… ވަޢުދުވަން މިއަތުން ދޫކޮށްނުލާނަންކަން… އަހަރެން ވެސް ރީންދެކެ ވަރަށް ބޮޑަށް ލޯބިވޭ. އެހާ ދިގު އިންތިޒާރެއް ރީންއަށް ކުރަންޖެއްސުނީތީ އަހަންނަށް މާފުކުރޭ… މިވަގުތު އަހަރެން ބޭނުންވަނީ ދުނިޔޭގެ ހުރިހާ އުފަލެއް ރީންއަށް ހޯދައިދޭން” މަޑުމަޑުން ގުދުވެލުމާއެކު ޒޫރިންގެ ކަނދުރާގައި އީތަން ބޮސްދިނެވެ.

ރޭގަނޑުގެ ފިނިކަމުގެތެރެއިން އައުކައިވެނީގެ ފުރަތަމަރޭ ގެނައުމަށްޓަކައި ޖަޒުބާތުތައް އުތުރިއަރަމުންދިޔަ ދެ ޒުވާނުން އެކަކުއަނެކަކުގެ އަތުތެރޭގައި ވަގުތު ހޭދަކުރަމުންދިޔައެވެ. އެ ދެމެދުގައިވީ މާޒީގެ އަލިފާންތައް އަނދާ އަޅިއަށް ހަދަމުންދިޔައީ ދެ ހިތުގައިވި ތެދުވެރި ސާފު ލޯތްބެވެ. ދެ ޒުވާނުންގެ ލޮލުން ފާޅުވަމުން ދިޔަ އުންމީދީ އަސަރުތަކެވެ. ފުރާނައާއި ގުޅިފައިވާ ލޯބިވެރި އުނގެއްގައި ޒޫރިން އޮތެވެ. އޭނާގެ ހުރިހާ އުފަލަކާއި ހިތާމައެއްގެ އަގުވަޒަން ކުރެވޭ އިޙްސާންތެރިއެއްގެ އަތުތެރޭގައި އޮވެވޭހެންނެވެ. އީތަންގެ ރައްކާތެރިކަމާއި ހިމާޔަތް ޒޫރިންއަށް ޔަޤީންވެފައިވެއެވެ. މިރެއާއި މިވަގުތަކީ ޒޫރިންއާއި އީތަންގެ ހަޔާތް ރޯކޮށްދިން އުފާވެރި ވަގުތުކޮޅެވެ. މި ހިސާބަށް އާދެވުނީ އެތައް ގޯހެއް ދެ ޒުވާނުންނަށް ހެދުނު ފަހުންނެވެ. އެހެންނަމަވެސް ކަރުނައިން ދެހިތުގެ ކިލަނބުކަން ދޮވެވިނިމިއްޖެއެވެ. ކޮޅުނެތްހާތަނަށް ދެހިތަށް ހަމަޖެހުން ލިބިއްޖެއެވެ. އަބަދުގެ އަބަދަށް ދެ ލޯބިވެރިންނަށް އެކަކު އަނެކަކު މިލްކުވެއްޖެއެވެ. ދެ ޒުވާނުންގެ ހުރިހާ އުފަލެއް ފޮޅިއްޖެއެވެ. މުޅި ކާއިނާތު އެ ޒުވާނުންނަށް ލިބުނު ކާމިޔާބަށްޓަކައި އުފާކުރަނީއެވެ.

ފަތިހުގެ ޝަބްނަމުގެ އަސަރުން ދުނިޔެމަތި ވަނީ ފިނިހިފާފައެވެ. އެ ފިނިކަމުގެ ސަބަބުން ކޮޓަރިތެރޭގެ ފިނިކަން ގަދަވެފައިވެއެވެ. ހަށިގަނޑުގެ ފިނިކަން ކަނޑުވާލުމުގެ ގަސްދުގައި ކަންނޭނގެއެވެ. އީތަންގެ އަތް އެނދުގައި ހިންގާލިއެވެ. ބަންޑުން ކަހަލަ ގޮތަކަށް އޮތް އީތަން ވަރުބަލިކަމާއެކު ދެ އުޅަންބޮށީގެ އެހީގައި ހަށިގަނޑު ހިއްލާލާފައި ބަލާލިއެވެ. ކުޑައެނދުގެ ކައިރީގައި ޒުރިން ހުއްޓިލައިގެން ހުއްޓެވެ. ބުޑުނިވާވާވަރުގެ ކަޅުކުލައިގެ ލޭސް ނައިޓީގައި ޒޫރިން ފެންނަލެއް ނުހަނު ހިތްގައިމެވެ. ހޭވިފައިވާ ދިގު އިސްތަށިގަނޑުގައި ހުޅިއެއް ޖަހާފައި ހުއްޓެއްކަމަކު އެ ހުޅިއަށް ނުލެއްވޭ އިސްތަށިތައް އެކި ފަރާތުން އެލިފައި އޮތެވެ. ޒޫރިންއަށްޓަކައި އީތަންގެ ހިތުގައި ވަރުގަދަ އޮއެވަރެއް ހިނގައިގަތެވެ. މިތަރުތީބުނެތްކަމުގެ ތެރެއިން ޒޫރިން ފެންނަނީ މާރީތިކޮށެވެ. އެނދުގައި އޮތުން ދަތިކަމަކަށްވެފައިވާ އީތަން މަޑުމަޑުން ކަންނެތްކަން އެކުލެވިފައިވާ ގޮތަކަށް އެނދުން ތެދުވެގެން އައިސް ޒޫރިންގެ ހިމަހިމަ އުނަގަނޑުގައި ހިފާލިއެވެ.

“އޯ ރީން…” ވައިރޯޅިއެއް ފަދައިން އީތަންގެ ގޮވާލުމުގެ އަޑު ޒޫރިންގެ ކަންފަތާ ހަމައަށް ފޯރިއެވެ. އެއާއެކު އީތަންގެ ބާރުގަދަ ދެއަތް އޭނާގެ އުނަގަނޑު ވަށައިލައިފިއެވެ. ކަނދުރާގައި އީތަންގެ މޫނު ފޮރުވާލުމާއެކު އޭނާގެ ކުދިކުދި ސަމާސާތައް ޒޫރިންއަށް އިހުސާސްކުރެވެންފެށިއެވެ.

“ފަތިސް ނަމާދަށް ގޮވައިފި. ބައްޕަ މިގަޑީގައި ހޭލާ އުޅޭނެ. ވަރަށް އުފާވާނެ އީތަން ފަތިސްނަމާދަށް ހޭލިކަން އެނގިއްޖެނަމަ” ލޯތްބާއެކު އީތަންގެ ދެއަތް އުނަގަނޑާއި ވަކިކޮށްލާ އީތަންއާ ކުރިމަތިލަމުން ޒޫރިން ބުނެލިއެވެ. އޭނާގެ އެދުމަކީ ކޮބައިކަން އީތަންއަށް ވަގުތުން ނަގައިގަނެވުނެވެ.

ވަފާތެރި އޯގާތެރި ފިރިއެއްކަމުގައި އީތަންވާން ބޭނުންވެއެވެ. އޭނާގެ ޢަމަލުތައް ރަނގަޅުކޮށް ސާބިތުކަމާއެކު ވަރުގަދަ އަޒުމެއްގައި ދެމިހުރުމަށް އަމިއްލަ ޟަމީރަށް ހިތްވަރުދެއެވެ. ހުރިހާ ކަމަކަށް އެންމެ ބޮޑު ބާރެއް ލިބޭނީ އޭނާގެ އަޤީދާއާއި އިމާންތެރިކަން ވަރުގަދަވެގެންނެވެ.

* * * *

އީތަންއާއި ޒޫރިންގެ ކައިވެނި ކުރެވުނުތާ ހަތަރުމަސް ފާއިތުވެ ދިޔައިރު ޒޫރިންގެ ބަންދުގައި ބާކީ އޮތީ ހަމަސްދުވަހެވެ. ތަހުސީނާއި ރޭޝްމާއަށް ބަޔާންކުރަން ތަދި އުފާވެރިކަމެއް ލިބިފައިވެއެވެ. ޢާއިލާއަށް އިތުރު މެހެމާނަކު އަންނަން އުޅޭ ޚަބަރުންނެވެ. ތަހުސީނަށް ރޭޝްމާ ބަލިވެ އިންކަން ޒޫރިންއަށް އެނގުނު ފަހުންނެވެ. ނަމަވެސް ރޭޝްމާއަށްވަނީ ބަޔާންކުރަން ދަތި ލަދުވެތިކަމެއް ވެރިވެފައެވެ. ޒަމާންތަކަކަށްފަހު ކައިވެނިކުރުމުން އަލަތު ދަރިފުޅު ލިބޭއިރު އޭނާގެ މާމަކިޔާ ދަރިއަކު ހުރިކަން އެނގޭތީއެވެ. އަނެއްކޮޅުން އޭނާއަށް އުފާވެރިކަން ވެސް އިހުސާސް ކުރެވެމުންދިޔައެވެ. ޒޫރިންގެ އެއްބާރުލުމާއި ތަހުސީނުގެ ދެގޮތެއް ނުވާ ލޯބި ފެނިފައެވެ. ޢާއިލާއަށް އެންމެ ފަހުން އިތުރުވި މެންބަރުކަމުގައިވާ އީތަންގެ ފަރާތުން ވެސް ފެންނަނީ ރޭޝްމާއަށް މަންމައެއްގެ ދަރަޖަ ދޭތަނެވެ. އިހުތިރާމާއެކުއެވެ.

މެންދުރުފަހު ގޭތެރޭ ހިމޭންވެފައި އޮތް ވަގުތެކެވެ. ނަމަވެސް ސިޓިންރޫމުގައި ޓީވީ ހުޅުވާފައި ހުއްޓެވެ. ސަލާމްގޮވަމުން އެތެރެއަށް ވަދެގެން އައި ޖަޒްލާ ބޯއަރިކުރަމުން ގޭތެރެ ހޯދާ ބަލާލިއެވެ. މީހެއްގެ ހިލަމެއްނުވެގެން ތަންކޮޅެއް ބާރަށް އަނެއްކާ ވެސް ސަލާމް ގޮވާލިއެވެ. އެހިނދު އަވިއްސެއްހެން ގޭތެރެއިން ނުކުމެގެން އައީ އައިނީއެވެ. އޭނާގެ ފަސްފަހަތުން ކަހަލަ ގޮތަކަށް ހަމްރާ ވެސް އައެވެ.

“ހެލޯ ޖޭޒް… އާދޭ އެތެރެއަށް” ލިބުނު ހައިރާންކަން ފޮރުވަމުން އައިނީ ވާހަކަދެއްކިއެވެ.

“ޖަޒްލާ…” ހަމްރާގެ އަޑުއިވިފައި ސިޓިންރޫމުގައި އޭނާ ހުރިކަން އައިނީއަށް އެނގުނީ ދެނެވެ. އިތުރު ވާހަކައެއް ނުދައްކާ އައިނީ މަޑުކޮށްލީ ހަމްރާއާއި ޖަޒްލާއަށް ފުރުޞަތުދީގެން ކަހަލައެވެ.

“އީތަން އެބައުޅޭތަ؟” ސިޓިންރޫމަށް ވަދެވުމާއެކު އިށީނުމުގެ ބަދަލުގައި ޖަޒްލާ ސުވާލުކޮށްލިއެވެ. އެހިނދު ހަމްރާއާއި އައިނީ އެކަކު އަނެކަކަށް ބަލާލިއެވެ. އެމީހުންގެ ނަޒަރުން އެ ދެއްކި ވާހަކައެއް ޖަޒްލާއަކަށް ނޭނގުނެވެ.

“ކިހިނެއްވީ؟ އީތަން ނޫޅެނީތަ؟” ޖަޒްލާ އަވަސްއަވަހަށް އަހާލިއެވެ.

“އީތަން މެރީކޮށްފި… އުޅެނީ އޭނާގެ ވައިފްމެންގޭގައި” ހަމްރާ ބަހެއްބުނަންބުނަން ހުއްޓާ އައިނީ ބުނެލިއެވެ. އެވަގުތު ޖަޒްލާއަށް ހިމޭންކަމެއް އައިކަން ހަމްރާއާއި އައިނީއަށް ވެސް އެނގުނެވެ. އެހެންނަމަވެސް އެ ދެމީހުންނަށް ވެސް އިތުރަށް ބުނާނީ ދެން ކީކޭކަމެއް ނޭނގުނެވެ.

“ރީ… ރީންއާތަ މެރީ ކުރީ؟”

“އާން! ޖަޒްލާއަށް އެނގޭތަ ރީން…” ހަމްރާ ހައިރާންވިއެވެ. ހަމައެއާއެކު އޭނާގެ ހިތްބުނީ ޖަޒްލާއަށް އީތަންވަނީ ހުރިހާ ކަމެއް ސިއްރުނުކޮށް ކިޔައިދީފައި ކަމެވެ.

“އީތަންއާ މިގެއަކުން ބައްދަލެއްނުވާނެ… އެކަމަކު އީތަން ގާތު ބުނެދީފާނަން ޖަޒްލާ އައިވާހަކަ” ޖަޒްލާގެ ފަރާތުން އެއްވެސް ޖަވާބެއް ނައުމުން އިރުކޮޅަކު މަޑުކޮށްލާފައި ހަމްރާ ބުނެލިއެވެ. އެހިނދު ޖަޒްލާ ލުއި ހިނިތުންވުމެއް ހަމްރާއަށް ބަދަލުކޮށްލިއެވެ. އަދި އަތުގައި އޮތް އަތްދަބަސް ހުޅުވާލާފައި ބިއްލޫރި ކުޑަފުޅިއެއް ނަގާ ހަމްރާއަށް ދިއްކޮށްލިއެވެ.

“އީތަންއާ ފަހުން ބައްދަލުކޮށްލަ ފާނަން… މީ އީތަންގެ ފެމެލީއަށް އޮތް ދަޢުވަތެއް… އަޅުގަނޑު… ކައިވެނި ކުރާތީ ކައިވެނީގެ ހަފްލާއަށް އޮތް ދަޢުވަތެއް” އަޅައިގަންނަމުން ލަސްލަހުން ބަސްތައް ޖަޒްލާ އަތުރާލިއެވެ. ޒަމާނީ ވައްޓަފާޅިއަށް ހަދާފައިވާ ޖަޒްލާގެ ކައިވެނީގެ ދަޢުވަތުގައި ހަމްރާ ހިފިއެވެ. އަޖައިބުވެފައި ހުރެއެވެ. ޖަޒްލާ އެ ދަޢުވަތު ހިފައިގެން އެގެއަށް އައުމުގެ ހަޤީޤީ ބޭނުން ހަމްރާއަށް ދެންގަންނާކަށް ނޭނގުނެވެ. ފަހަރެއްގައި ޖަޒްލާގެ ބޭނުމަކީ އީތަންއަށް ޖެއްސުންކޮށް މަލާމާތްކުރުންބާއޭ ވެސް ހަމްރާގެ ހިތަށްއެރިއެވެ. އީތަން ކައިވެނި ނުކުރި ކަމުގައި ވިޔަސް ޖަޒްލާއާ އިންނާނެ މީހުން ވާނޭކަން އޭނާ ސާބިތުކޮށްދޭން ބޭނުންވަނީ ކަމަށް ވެސް ވެދާނެއެވެ. ތަފާތު ޚިޔާލުތަކެއްގައި ހުރެފައި ހަމްރާ ހިނިތުންވެލިއެވެ. އެ ހިނިތުންވުމަށް ޖަޒްލާ ބަދަލުގައި ދިނީ ހިނިތުންވުމެކެވެ. އަދި އަވަސް އަވަހަށް އެގެއިން ނުކުންނަން ހިނގައިގަތެވެ.

ސިޓިންރޫމު ސޯފާގައި އީތަން އޮށޯވެލައިގެން އޮތްއިރު އޭނާގެ ބަނޑުމަތީ ޝަމްޢާނު ބައިންދައިފައި އިނެވެ. އެކުއްޖާ ދެއަތްޖަހަޖަހާފައި އީތަންއާ ވާހަކަދައްކަމުން ދިޔައެވެ. ބައެއްފަހަރަށް މަޖާވެގެން ތޫލި އަޑަކުން ހަޅޭލަވައިގަނެއެވެ. ހުޅުވާފައި ހުރި ޓީވީއިން އިވެމުންދިޔަ އިނގިރޭސި ލަވައާ އެއްވަރަށް އީތަން އޭނާގެ ދަރިފުޅަށް ލަވަކިޔައިދެމުންދިޔައެވެ. ވަކިން ހުރި ގޮނޑީގައި ފޯނު އަތަށް ލައިގެން ޒޫރިން އިނެވެ. ބައްޕައާއި ދަރިފުޅުގެ ގާތްކަންފެނި މަޖާވެފައި އެ މަންޒަރު ވީޑިއޯ ކުރާށެވެ. ކުއްލިއަކަށް ޝަމްޢާނާއި ސިޓިންރޫމުގައި ތިބި އެންމެންގެ ސަމާލުކަން ހޯދީ ދޮރޯށީގެ ރަނގަބީލުގެ އަޑުންނެވެ. ޒޫރިން އިންތަނުން ތެދުވެ ހިނގައިގަތީ ބޭރު ދޮރޯށި ހުޅުވާށެވެ.

ސަލާމްގޮވާލުމާއެކު ވާހަކަދެއްކި އަންހެންކުއްޖާއަށް ބަލަން އިރުކޮޅަކު ޒޫރިންއަށް ހުއްޓި ހުރެވުނެވެ. ލިބިފައ ހުރި ގަބުކަން ފިލައިދިޔައީ އެ އަންހެންކުއްޖާ ދެވަނަ ފަހަރަށް ވާހަކަދެއްކުމުންނެވެ. އީތަން އުޅޭތޯ ސުވާލުކުރުމުންނެވެ. ބޯޖަހާލަމުން ޒޫރިން އެތެރެއަށް ޖެހިލާ ދޮރުމަތީ ހުރި އަންހެންކުއްޖާ އެތެރެއަށް ވަނުމަށް ތަންދެއްކިއެވެ. ނުކެރިފައި ހުރިކަން އޭނާގެ ޢަމަލުތައް ހުރި ގޮތުން ޒޫރިންއަށް ފާހަގަވިއެވެ.

“އީތަން…” ކުއްލިއަކަށް އީތަންގެ ކަންފަތުގައި ޖެހުނީ ދަންނަ އަޑެކެވެ. ދަރިފުޅު އުރާލުމާއެކު ސޯފާއިން ތެދުވެ ދޮރޯ ދިމާއަށް ބަލާލިއެވެ. އޭނާއަށް ފެނުނު މީހާއާ ދޭތެރޭ ސުވާލު އުފެދުނީ ޔަޤީންނުވެގެންނެވެ.

“ކައިވެނި ކުރިކަން އެނގުނީ މިއަދު… މަރުޚަބާ…”

“ޖޭޒް… މިގެއަށް… ކިހިނެއްވީ؟ ކަމަކުތަ؟” ހައިރާންވެފައި ހުރެ އީތަން ސުވާލުކުރިއެވެ.

“އިށީންނަންވީނު…” ހިނިތުންވެލަމުން ޒޫރިން ބުނެލިއެވެ. މިވަގުތު ޖަޒްލާއަކީ މެހެމާނެއްގެ ގޮތުގައި ޒޫރިން ޤަބޫލުކުރިއެވެ. އެހެންވެ މެހެމާންދާރީ އަދާކުރުމަށް އޭނާ އަވަސްވެގަތެވެ.

އީތަންކޮށްލި އިޝާރާތާއެކު އޭނާ ދެއްކި ސޯފާގައި ޖަޒްލާ އައިސް އިށީނެވެ. އެހިނދު ޒޫރިން ގޮސް ވަނީ ބަދިގެއަށެވެ. އީތަން އޭނާގެ ދަރިފުޅު ގޮވައިގެން ޖަޒްލާގެ ވައަތްފަރާތުގައި ހުރި ގޮނޑީގައި އިށީނެވެ.

“އަހަރެން ތިހާ ދުރުކޮށްލަ ފާނޭ ކަމަކަށް ހިޔެއްނުކުރަން… އީތަންގެ ކައިވެންޏަށް އަހަންނަށް ދަޢުވަތު ނުދިންކަމުގައި ވިޔަސް އަހަރެން މިއައީ އަހަރެންގެ ކައިވެންޏަށް ދަޢުވަތުދޭންވެގެން” ޖަޒްލާގެ ނަޒަރު ހުރީ އީތަންއަށް ހުއްޓިފައެވެ. އެންމެފަހުން އޭނާއަށް އީތަން ފެނުނު އިރާއި މިހާރު ފެންނަން ހުރި އީތަން ހާސްބައި ތަފާތެވެ. ދުވަހަކު ވެސް އީތަންގެ ފަރާތުން ނުފެންނަ އުފާވެރިކަމެއް އޭނާ ވަށާލާފައިވާ ކަހަލައެވެ. އެތުންފަތުގައި ނުފިލާ ހިނިތުންވުމެއްވެއެވެ. ހަމައެއާއެކު އުނގުގައި އިން ތުއްތު ކުއްޖާ އުރާލައިގެން އިންގޮތުން އޭނާގެ ގައިގާ ހަރުވައްތަރު ޖަހާލައިފިއެވެ. އަދި ފިރިހެންވަންތަކަން އިތުރުވެފައި ވާކަހަލައެވެ. ހިތަށް ކުރެވުނު ތޫނު ތަދުގެ އިހުސާސް މިފަހަރު ޖަޒްލާގެ ތުންފަތަށް ވެރިކުރުވީ ހިނިތުންވުމެކެވެ.

“ޖޭޒްއަކީ ރައްޓެއްސެއްގެ ގޮތުގައި ނުދެކޭތީއެއްނޫން ކައިވެންޏަށް ދަޢުވަތު ނުދިނީ. އަހަރުމެންގެ ކައިވެންޏަކީ ވަރަށް އެހެންކަހަލަ ގޮތަކަށް ކުރެވުނު ކައިވެންޏެއް. ދެ ޢާއިލާގެ މެންބަރުން ފިޔަވައި އިތުރު އެއްވެސް މީހަކަށް ދަޢުވަތެއްނުދެން…. ޖޭޒްއަށް ކޮންމެވެސް ވަރަކަށް އެނގޭ ކަންނޭނގެ ކަންތައްވެފައި އޮތް ގޮތް ވެސް…” އީތަންގެ އަޑުގައިވަނީ މަޑުމައިތިރިކަމެވެ. ކުޑަކޮށް ވެސް ޖޭޒްއާ ދޭތެރޭ ހިތްހަމަނުޖެހުމަށް އޭނާ ފާޅެއް ނުކުރެއެވެ.

“މީ ރީން ވިހެއި ދަރިފުޅުތަ؟” އީތަންގެ އަތުގައި އިން ޝަމްޢާނަށް ބަލާލަމުން ޖަޒްލާ އަހާލިއެވެ.

“މީ އަހަންނާއި ރީންގެ ދަރިފުޅު، ވައްތަރެއްނޫންތަ؟” ސަމާސާ ގޮތް އީތަންގެ އަޑުގައި އެކުލެވިގެން ދިޔައެވެ.

“ވައްތަރުގޮތެއް އެބަހުރި” ޖަޒްލާ ވެސް ހިނިތުންވެލިއެވެ.

“ކައިވެންޏަށް ދަޢުވަތުދޭން…” އީތަންގެ ޖުމްލަ ފުރިހަމަ ނުކުރެވެނީސް ޒޫރިން އެތަނަށް އައީ ތަބަކެއްގައި ފިނިބުއިމެއް އަޅާފައިވާ ބިއްލޫރި ތައްޓެއް ބަހައްޓައިގެންނެވެ.

“ޖޭޒްއާ އަލުން ބައްދަލުވީތީ އުފާވެއްޖެ. އެއްޗެއް ބޯލައިގެންނު ދާންވާނީ… ވަރަށް ހޫނު ވެސް ދުވަހެއްނު” ޒޫރިންގެ އަޑުގައި ހުރީ ގާތް ކަމެވެ. އެ ގާތްކަން ޖަޒްލާގެ ހިތަށް ހަމަޖެހުން ގެނެސްދިނެވެ.

“އަހަރެން މިއުޅެނީ ކައިވެނިކުރަން. ތި ދެމީހުން އަހަރެންގެ ކައިވެންޏަށް އައުން ވަރަށް އެދެން… ރީންއާ އީތަން ކައިވެނިކުރިކަން އެނގުނީ އީތަންމެންގެއަށް ދިޔަތަނާ. އީތަންގެ ދައްތަ އައިނީ ބުނީމަ… ބޭނުންވީ ތި ދެމީހުންގެ ގާތަށް އައިސް ހާލު އޮޅުން ފިލުވާލާފައި އަމިއްލަ އަތުން ދަޢުތު ހަވާލުކުރަން” ޖަޒްލާ ބުނެލިއެވެ. އަދި މަޑުމަޑުން ޒޫރިން ގެނެސް ބެހެއްޓި ތަބަކުން ޖޫސްތަށި ނަގާ ތުނބުގައި ޖަހާލިއެވެ.

“ހެޔޮ ހިތުން ޖޭޒްގެ ދަޢުވަތު އަހަރުމެން ޤަބޫލުކުރަން، އެހެންނު ރީން…” އީތަން މިހެންބުނެ ޒޫރިންއަށް ބަލާލިއެވެ.

“އާން! ޖޭޒްއަށް އުފާވެރި ދިރިއުޅުމެއް ލިބުން އެދެނީ. ކުރެވެން އުޅޭ ކައިވެންޏަށް ވަރަށް ބޮޑަށް މަރުޚަބާކިޔަން” އީތަންގެ ގާތުގައި އިށީނދެގެން އިން ޒޫރިން ބުނެލިއެވެ.

“ޖޭޒްއަށް އެއްވެސް ކަމެއް ފޮރުވާކަށްނެތިން… ހަޤީޤަތަކީ ރީން ހުރީ ގޭބަންދުގައިކަން. އަހަރުމެން ދެމީހުންނަށް ކުރެވުނު ކުށުގެ ސަބަބުން. އެހެންވީމަ ވަރަށް ދެރަ… އަހަރުމެންނަށް ޖޭޒްގެ ކައިވެނި ޕާޓީގައި ބައިވެރިވުމަކަށް ނުދެވޭނެ” އީތަން ބުނެލިއެވެ.

“ހާދަ ދެރައޭ…” ޖަޒްލާ މަޑުމަޑުން ބުނެލިއެވެ.

“އަހާލާހިތްވޭ އިންނަން ތިއުޅެނީ ކާކާތޯ؟ ފަހަރެއްގައި އަހަރެން ހީކުރާ މީހާއާތޯ ޔަޤީންކޮށްލަން ބޭނުންވަނީ” އިރުކޮޅަކު މަޑުކޮށްލާފައި އީތަން ބުނެލިއެވެ.

“އީތަންއަށް ހީވާނީ ހަމަރަނގަޅަށް، އެކަން އަހަރެން ޤަބޫލުކުރަން… ކައިލަންއާ އިންނަން މިއުޅެނީ. ބައްޕަ ވެސް ވަރަށް ރުހޭ ކަމަކަށް ވަނީ. ތޭންކްސް… ކުރިއަކުން ކައިލަންގެ ފީލިންގްސްއާ މެދު ވިސްނާލާކަށް ފުރުޞަތެއްނުލިބޭ. މިކައިވެނި އަސްލު މި ކުރެވެނީ އީތަންގެ ސަބަބުން”

“ޖޭޒް ހެޕީތަ އެކަމާ” ޖަޒްލާއަށް ބަލަން އީތަން އިނީ ވަރަށް ވެސް ފުންނަޒަރަކުންނެވެ. އެ ދެމެދުގައި ހިތުގެ ގުޅުމެއް ނުވި ނަމަވެސް އީތަންއަށް ޖަޒްލާގެ އުފާވެރިކަން މުހިންމެވެ.

“އަހަރެން ބޭނުންވެގެން މި ކައިވެނި ކުރަނީ. ވަރަށް އުފާވޭ އީތަން ހެޕީކޮށް އުޅޭތީވެ… ތި ދެމީހުން ވަރަށް ގުޅޭ. އަހަންނަށް އެނގޭ ކައިލް އަހަރެން އުފަލުގައި ބަހައްޓާނެކަން… އަހަންނަށް އޭނާ ކަމުދޭ… ހަޔާތުގެ ބައިވެރިއަކަށް އޭނާއަކީ އެންމެ ރަނގަޅު މީހާ ކަމުގައި އަހަރެންގެ ހިތް ޤަބޫލުކުރޭ. އެހެންވެ މިހާ ބޮޑު ސްޓެޕެއް މިނެގީ” ހިނިތުންވެލައިގެން އިނދެ ޖަޒްލާ ބުނެލިއެވެ.

އީތަންއާއި ޒޫރިންއާ ވާހަކަދައްކަން ޖަޒްލާ އެގޭގައި ފުދޭވަރަކަށް އިރު ވަންދެން އިނެވެ. އޭނާއަށް ޝަމްޢާނު އުރާލާ އެކުއްޖާއަށް ލޯބިކޮށްނުލާ ނުހުރެވުނެވެ. އެކުވެރިކަން ބޭއްވުމަށް އީތަންއާއި ޒޫރިންގެ ގާތުން ޖަޒްލާ އެދުނެވެ. އިހުގައި ކޮންމެ ގޮތަކަށް އެމީހުންގެ ދެމެދުގައި ކަންތައްވެފައި އޮތެއްކަމަކު އެކަންކަން މަތިން ހަނދާންނައްތާލާފައި މުޅިން އައު ފެށުމަކުން އެކުވެރިކަމުގެ ގުޅުމަކުން ފެށުމަށް ޖަޒްލާ އެދުނެވެ. އޭނާގެ ވާހަކަ އީތަންއާއި ޒޫރިންއަށް ކަމުދިޔައެވެ. ޖަޒްލާގެ އެއްވެސް ވާހަކައަކަށް އެމީހުން ދެކޮޅެއް ނުހަދައެވެ.

ދެހާސްސޯޅަވަނަ އަހަރުގެ އެންމެ ފަހު ތާރީޚުގައި ކުރެވުނު ކައިވެނި ތަކުގެތެރެއަށް ޖަޒްލާއާއި ކައިލަންގެ ކައިވެނި އިތުރުވެގެންދިޔައެވެ. މާލޭގެ އެތައްބައެއްގެ ސަމާލުކަން އަތުލި އަގުބޮޑު ކައިވެނި ހަފުލާއަށް އެ ދެ ޒުވާނުންގެ ކައިވެނި ހަފުލާ ވެގެންދިޔައެވެ. މާލޭގެ އެކިއެކި ދާއިރާތަކުގެ ނުފޫޒުގަދަ އެތައް ވެރިންނެއް ހާޟިރުވި ހަފުލާއެކެވެ. އެހާ ކުލަގަދަ ގޮތެއްގައި ފާހަގަކުރެވުނު އެއްސަބަބު ކަމުގައި އެތަނަށް ވަޑައިގެންނެވި ބޭބޭފުޅުންވެއެވެ. ކާމިލާއި އަފީފުގެ މޫނުމަތިން ފެންނަމުން ދިޔަ ހިނިތުންވުން ގެއްލޭ އެންމެ ސުކުންތެއް ވެސް ނުދެއެވެ. އެތައް ބައެއްގެ ތަޢުރީފު ޖަޒްލާގެ ކައިވެނި ހެދުމަށް އެކަނި ވެސް މެދުކަނޑުމެއްނެތި އޮހެމުންދިޔައެވެ. ގިނަބަޔަކު ދިގު އިންތިޒާރެއްކޮށް އަދި ކުޅުދިޔާކޮށްލި އެއްޗަކަށް ކައިވެނި ހަފުލާއަށް އަޅާފައިވާ ބޮޑު ކޭކު ވިއެވެ.

ކައިލަންގެ އުފާވެރި ހިނިތުންވުމާއެކު އޭނާ ދޭތެރެއަކުން ޖަޒްލާގެ އަތުގައި ހިފާލައެވެ. މުޅި މާޙައުލުވަނީ ރަންކުލައާއި ގަދަ ޗޮކުލެޓު ކުލައިން ފަރުމާކުރެވި ދިއްލާ އަޅާފައެވެ. ޒޫވާންކަން އެންމެ ފުރިހަމަވެފައިވާ ރީތި ދެ ޒުވާނުންކަމުގައި ކައިލަންއާއި ޖަޒްލާވެއެވެ. އެތައް އަހަރެއްގެ ފޮނި އުންމީދުތައް މިރޭ ކައިލަންއަށް ހިތްހަމަޖެހުން ގެނެސްދީފިއެވެ. ކައިވެނީގެ ހަފުލާ ނިންމާލާފައި ކަޅުކުލައިގެ ޕްރައިވެޓު ކާރުގައި ދެ މަފިރިންގެ ގޮތުގައި ކައިލަންއާއި ޖަޒްލާ ނުކުމެގެން ދިޔައީ އިއްޒުއްދީން ފާލަންދޮށަށެވެ. އެތާ ކައިރީގައި އެ ދެމަފިރިންނަށް ތައްޔާރުކުރެވިފައި އޮތް ލާންޗަށް އެރުމަށެވެ. ކައިވެނީގެ އުފާވެރި ދުވަސް ހޭދަކުރުމަށް ތާވަލުގައި ރޭވިފައި އޮތީ ފުރަތަމަ ރާއްޖޭގެ ރިސޯޓަކުންނެވެ. އެއަށްފަހު ދުނިޔޭގައި ލޯބިވެރިންނަށް ޚާއްޞަ ޤައުމުތަކުގައެވެ. އެ ހުރިހާ ކަމަކަށްވުރެ ޖަޒްލާގެ ހިތަށް ފިނިކަން ލިބުނުކަމަކަށް ވެގެންދިޔައީ އީތަންގެ ފަރާތުން އޭނާގެ ފޯނަށް އައި މެސެޖެވެ. އޭނާއާއި ޒޫރިންގެ ފަރާތުން އައުކައިވެންޏަށް މަރުޚަބާކިޔައިފައި ވެއެވެ. އޭނާގެ ކައިވެނީގެ ހަފުތާއެއް ކުރިން ދަޢުވަތު އެރުވުމުން އެ ހަފުލާގައި ބައިވެރިވާން އެ ދެމަފިރިންނަށް ނާދެވޭނެކަން ޖަޒްލާއަށް އެނގެއެވެ. އެހެންވެ ޖަޒްލާގެ މަތިން އީތަން ހަނދާން ހުންނާނެ ކަމަކަށް ކުޑަކޮށް ވެސް ޖަޒްލާގެ ހިތަކަށް ނާރައެވެ. އެހެންހުއްޓާ ކުއްލިއަކަށް އީތަންގެ ފަރާތުން ލިބުނު މެސެޖުން ޖަޒްލާގެ މުޅި ދުނިޔެ ބަދަލުވެއްޖެއެވެ. އޭނާއަށް މިހާރު އުފަލުގައި ކައިލަންއާއެކު ދެވިދާނެއެވެ. މުޅިއުމުރު ކައިލަންއާއެކު ހޭދަކުރެވިދާނެއެވެ.

ފުރިހަމަ އެއްއަހަރަށްފަހު ގޭބަންދުން ޒޫރިން މިނިވަންވިއެވެ. އެއާއެކު އެންމެ ފުރަތަމަކަމަށް ވެގެންދިޔައީ އީތަންއާއެކު އޭނާގެ މައިންބަފައިންގެ ގެއަށް ދިއުމެވެ. އެއީ ވަރަށް ޚާއްޞަ ދުވަހަކަށް ވެގެންދިޔައެވެ. ޢާއިލާގެ ހުރިހާ މެންބަރުން ޒޫރިންއާއި އޭނާގެ މައިންބަފައިންނަށްކީ ވަރަށް ވެސް ހޫނު މަރުޚަބާއެކެވެ. ރޭޝްމާގެ ބަނޑުން އޭނާ ބަލިވެއިންކަން ކުޑަކުޑަކޮށް އެނގެން ހުއްޓެވެ. ރޭޝްމާގެ ހެދުން އެޅުމަށް ވެސް ބަދަލުތަކެއްވަނީ އައިސްފައެވެ. ގަޔަށް ދޫކޮށް ދިގުކޮށް ހުންނަ ހެދުން އެޅުމަށް ރޭޝްމާ ލޯބިކުރިއެވެ. އަދި ތަހުސީނުގެ އެދުމާއެކު އޭނާގެ ބޯ ނިވާކޮށްލީ ބުރުގާއިންނެވެ. އެ ދޮންމޫނު ބުރުގާގެ ތެރެއިން ފެންނައިރު މިހާރު ވަކިން ރީއްޗެވެ. ރޭޝްމާގެ އެ ބަދަލަށް ރާބިއާއާއި ހަމްރާ ތަޢުރީފުކުރިއެވެ.

ސުފިޔާނުގެ މޫނުމަތިން އެހެންޏާ ފެންނަ ނުތަނަވަސްކަން ފިލައި ހިނގައްޖެއެވެ. ހިނިތުންވެލައިގެން ތަހުސީނާ ވާހަކަދައްކަން އިން އިރު އޭނާގެ ނަޒަރު ދޭތެރެއަކުން އީތަން ހޯދާލައެވެ. އައިނީއާއި އައިދަންގެ އިތުރުން ސިޓިންރޫމުގައި ނުފައިލު އިނެވެ. އެމީހުންގެ ތެރޭ ވާހަކައިގައި އީތަން ވެސް އިނެވެ.

މެންދުރުގެ ކެއުން ނިންމާލާފައި ތަހުސީނާއި ރޭޝްމާ އެނބުރި ގެއަށް ދިޔައެވެ. އީތަންއާއި ޒޫރިން މަޑުކުރީ ރާބިއާގެ އެދުމަށެވެ. އެރޭ އެގޭގައި މަޑުކޮށްފައި އަނެއްދުވަހު ގެއަށް ދިއުމަށެވެ. ހީނލާފައި ޒޫރިން އުޅޭއިރު އީތަންއަށް އެންމެ ފުރަތަމަ ޒޫރިން ފެނުނު އިރެކޭ ތަފާތެއްނެތެވެ. އަނަރޫފަވެފައިވާ ހަށިގަނޑަށް ދިރުންލިބިފައިވެއެވެ. ވަޅުވަދެފައިވާ ކޯތާފަތަށް މަސްއަރައި ޖަންބުކުލަ ވެރިވެއްޖެއެވެ. ޒޫރިންގެ ދެލޮލުގެ ވިދުން އެނބުރި އަތުވެއްޖެއެވެ. ފުންނޭވާއެއް ލުމާއެކު އީތަން އައިސް ޒޫރިންގެ އަތުގައި ހިފާލިއެވެ.

“އައި ލަވް ޔޫ… ދުވަހަކު ވެސް މީހަކުދެކެ މިހާ ލޯބިވާނެކަމަކަށް ހިޔެއްނުކުރަން” އީތަންގެ ކޮޓަރި ކައިރީ ފާރުގައި ޒޫރިން ލައްކޮށްލައިގެން ހުރެ އީތަން ބުނެލިއެވެ. އޭނާގެ ދެ ލޮލުން ފެންނަ މަސްތުކަން ޒޫރިންގެ ހިތް އުފާކޮށްދިނެވެ.

“ތެންކިޔު…” ރަކި ގޮތަކަށް ހީނލާފައި ޒޫރިން ބުނެލިއެވެ. ނަމަވެސް އީތަންއަށް ލިބުނީ ހައިރާންކަމެވެ.

“ކީއްވެ ތެންކިޔު ތިބުނީ”

“އީތަން އަހަރެންދެކެ ލޯބިވީމަ… އަހަރެން ހާދަ ދިގު އިންތިޒާރެއްކުރީމޭ އީތަންއަށްޓަކައި… ހުރިހާ ކަމެއް ވިސްނިގެން އަމިއްލައަށް މާފަށް އެދެން އައުމަކީ ފަސޭހަކަމެއްނޫން. އެކަމަކު އެކަން ވެސް އީތަން ކޮށްފިން. އަދި މިހާރު އަހަރެން މީ އީތަންގެ އަނބިމީހާ…. އޯ އީތަން… އައިއެމް ސޯ ސޯ ހެޕީ… އީތަންގެ ފެމެލީ ވެސް އަހަރެންދެކެ އެހާ ލޯބިވޭ. މިއަދު ފީލްވޭ އަހަންނަކީ ނަސީބުވެރިއެއްގެ ގޮތުގައި… މި ހުރިހާ އުފަލެއް ހޯދައިދިން މީހަކީ ތީ… މަގޭ އީތަން… ހަމައެކަނި އަހަރެންގެ…” އީތަންގެ މޭގައި ފިރުމާލުމާއެކު އޭނާގެ މޭގައި ޒޫރިން ބޯއަޅާލިއެވެ.

ރޭގަނޑުގެ ނިދަން އޮށޯވެ ތިބިއިރު ދެމަފިރިންގެ ދެމެދުގައި ސަމާސާތައް އިތުރުވެފައިވެއެވެ. އީތަންގެ ބާރުގަދަ ދެއަތުގެ ހިމާޔަތުގެ ތެރޭ ޒޫރިން ހިފަހައްޓާލައިގެން އޮތް އިރު އޭނާ ހެމުންދިޔައެވެ.

“މިހެން އުޅެނިކޮށް ޝަމްމު ހޭލަފާނެ” އީތަންގެ ކިބައިން ސަލާމަތްވާން މަސައްކަތް ކުރަމުން ޒޫރިން ބުނެލިއެވެ.

“މަގޭ ވެސް ދަރިއެއްނު އެއީ… ނުހޭލާނެ… ބައްޕަ ކައިރިން ނިދަން ދަސްކޮށްފައޭ އެ އޮތީ”

“ދެން އީތަން ޕްލީޒް…”

“އޯކޭ… އޯކޭ… ދެން ގިލިގިލިނުކޮށްޓާނަން…ރީން! ވާހަކައެއް ބުނަންތަ؟ އަހަރެން ބޭނުމެއްނޫން ރާއްޖޭން ބޭރަށް އެއްކޮށް ދިރިއުޅުން ބަދަލުކުރާކަށް… މިހާރު އަހަރުމެން ދެމީހުން ތިބޭނެއެއްނު ޝަމްމުއާ މެދު ވިސްނަން. އެ ދަރިފުޅު ބޮޑުވެގެން ސުވާލުކުރާނެ ކޮންމެތާކު އަހަރުމެން ދިރިއުޅުނަސް… އަހަރެންގެ ޢާއިލާ ވެސް ތިބީ މިކޮޅުގައި. އެމީހުންނާ އަބަދުގެ އަބަދަށް ވަކިވުން ކަހަލަ ކަމެއް އެއީ ފުރައިގެން ދިއުން… އެހެންވިޔަސް ރީން ބޭނުން ގޮތެއް އަހަރެން ހަދާނީ…”

އީތަންގެ ވާހަކައާ މެދު ވިސްނަން ޒޫރިން އޮތެވެ. ހިމޭން ރޭގަނޑު ނިމުމަކަށް ގެނުވީ މުޅިން އައު ދުވަހަކަށް އުދަރެހުން އަލިފާއްދާލުމާއެކުއެވެ. އޭރު ފަތިހު ހޭލިގޮތަށް ޒޫރިން ނުނިދާ އުޅެއެވެ. ނަމަވެސް އީތަން އޮތީ ފަތިސް ނަމާދުކޮށްގެން އައިސް ނިދާފައެވެ. އޭނާއަށް އުނދަގޫވެދާނޭތީ ކުޑަދަރިފުޅު ގޮވައިގެން ޒޫރިން އުޅުނީ ސިޓިންރޫމުގައެވެ.

“ބައްޕައަތައް އެ ސޮރު ދޭންވީނު، ފަތިހު ހޭލާތަ އާންމުކޮށް” ސޯފާގައި އިށީންނަމުން ސުފިޔާނު ބުނެލިއެވެ. އޭރު ހޫނު ކޮފީތަށްޓެއް ހިފައިގެން ހަމްރާ އަތުވެއްޖެއެވެ.

“ދަރިފުޅު ރާއްޖޭން ބޭރަށް ބަދަލުވާން އުޅޭ ވާހަކަ ރޭޝްމާމަންމަ ބުނި” ސުފިޔާނު އަހާލިއެވެ.

“އެހެން ވިސްނީ ޝަމްމުއާ ދޭތެރޭ ވިސްނާފައި…”

“ތީގެ މާނައަކީ މިހާރު ޚިޔާލު ބަދަލުވީއޭތަ؟” ސުފިޔާނު ޔަޤީންކޮށްލުމުގެ ގޮތުން އަހާލިއެވެ.

“ހޫމް! މިހާރު ވިސްނެނީ އެއީ އެންމެ ރަނގަޅު ގޮތް ނޫންކަމުގައި. މި ޢާއިލާއާ ޝަމްމު ވަކިވާނެ އަޅުގަނޑު އެހެން ހަދައިފިނަމަ. އެއީ އެއްގޮތަކަށް ވެސް އަޅުގަނޑު ބޭނުންވާގޮތެއްނޫން… ކުރިއަކުން ނޭނގެ މިހެން ކަންތައްތައް ވެދާނެކަމަކަށް… އެހެންވެ ބޭނުންވީ މާލެ ދޫކޮށް އެހެންތަނަކަށް ދިރިއުޅުން ބަދަލުކުރަން”

“ޝަމްޢާނު އެންމެ ރަނގަޅަށް ބޮޑުކުރެވޭނީ ޢާއިލާގެ ތެރޭގައި… ބައްޕަ ވެސް ވަރަށް އެދެން ތިކުދިން މިކޮޅުގައި މަޑުކުރުމަށް.. އެންމެ ބޮޑަށް ހިތްހަމަޖެހޭނީ މިގޭގައި އުޅެން ރީން އައީމަ. އެކަމަކު އެނގޭ އެހެން ނާދެވޭނެކަން. ރޭޝްމާގެ ގާތުގައި ހުރުން އެއަށްވުރެ މާ މުހިންމު…އެއީ ދަރިފުޅުގެ މަންމަ”

“އަޅުގަނޑު ވަރަށް ގިނައިން އަންނާނަން މިގެއަށް…އެގޮތް އެންމެ ރަނގަޅެއްނޫންތޯ” ޒޫރިން ހިނިތުންވެލިއެވެ. ޅީދަރިފުޅަށް ބަލަން އިނދެ ސުފިޔާނު ބޯޖަހާލާފައި ހިނިތުންވެލިއެވެ.

* * * *

އީތަން އާއި ޒޫރިން އެނބުރި ހ.ބުލޫމޫނަށް އައި މެންދުރުފަހުއެވެ. އައި އިރު ރޭޝްމާ އުޅެނީ މާބޮޑަށް ހޮޑުލެވޭތީއެވެ. ކަންބޮޑުވެފައި ހުރި ޒޫރިން އަވަސްވެގަތީ ރޭޝްމާއަށް އެހީތެރިވުމަށެވެ. އޭނާ ބަލިވެ އިންދުވަހުން ފެށިގެން ރޭޝްމާ ސައުވީސްގަޑިއިރު ހެން ހުންނަނީ އަބަދު ޒޫރިންގެ ޚިދުމަތުގައެވެ. މިއަދު ޒޫރިން ބޭނުންވަނީ ހުރިހާ ކަމެއް ކޮށްދިން މަންމައަށް އެ ހެޔޮކަމުގެ އަގު އަދާކުރާށެވެ. އެހެންނަމަވެސް އޭނާގެ ސިކުނޑީގައި ޚިޔާލެއް އެނބުރޭތާ ދުވަސްކޮޅެއްވެއްޖެއެވެ. ރޭޝްމާއާ އެ ވާހަކަ ޚިއްޞާކުރާނޭ ވަގުތެއް އޭނާއަކަށް ނުވިސްނުނެވެ. އެހެން އުޅެނިކޮށް ރޭޝްމާ އަމިއްލައަށް ޒޫރިންއާ ސުވާލުކުރަންފެށިއެވެ.

“ނުވިސްނަން އެއްވެސް ކަމަކާ” ޒޫރިން ބުނެލިއެވެ.

“ރީން ކަންބޮޑުވަނީ ކޮންކަމަކާތަ… ރީން ވެސް ބަނޑުބޮޑުއިރު އުޅުނީ މިހެއްނު. އަދި މަންމައަށްވުރެ ހާލުގައި ދަރިފުޅު އުޅުނީ.. ޑޮކްޓަރު ވެސް ބުންޏެއްނު ހުރިހާ ކަމެއް ރަނގަޅޭ” ޒޫރިން ހިތްހަމަޖައްސައިދޭން ރޭޝްމާ މަސައްކަތްކުރިއެވެ.

“މަންމާ… އަޅުގަނޑު ކަމަކަށް އެދެފިއްޔާ މަންމަ ދެރަވާނަންތަ” ޒޫރިންގެ ވާހަކައިން ރޭޝްމާއަށް ހައިރާންކަން ލިބުނެވެ.

“ފުރުން އަވަސްކުރަންވީތަ؟” ހައިރާންވެފައި ރޭޝްމާއަށް އަހާލެވުނެވެ.

“ނޫން! ފުރައިގެން ދާކަށް ދެން ބޭނުމެއްނޫން… އެކަމަކު އަޅުގަނޑު ބުނަން ބޭނުންވެގެން މިއުޅެނީ އެ ވާހަކައެއްނޫން”

“ދެން ކޮންވާހަކައެއް… އަވަހަށް ބުނޭ… ރީން ހިތްހަމަނުޖެހޭގޮތަކަށް އެއްވެސް ކަމެއް މަންމަމެން ނުނިންމާނަން” އެނދުގައި އޮތް ރޭޝްމާ މަޑުމަޑުން ތެދުވެ އިށީނެވެ.

“އަޅުގަނޑު… އަޅުގަނޑު ބޭނުންވަނީ ފަރިޔާލުމަންމައާ ބައްދަލުކޮށްލަން… އެ މަންމައަށް މާފުކޮށްފީމޭ ބުނެލަން… މަންމަ ދެރަވާނެ އަޅުގަނޑު ފަރިޔާލުމަންމައާ ބައްދަލުކުރަން ހިނގައްޖެނަމަ”

ޒޫރިންގެ ވާހަކަތައް އިވިފައި ރޭޝްމާއަށް ބުނާނެއެއްޗެއް ނޭނގުނެވެ. ދުވަހަކު ވެސް ޒޫރިން ފަރިޔާލާ ބައްދަލުކުރަން ބޭނުންވެދާނެކަމަކަށް ރޭޝްމާ ހިޔެއްނުކުރެއެވެ. އޭނާ ވިސްނާލަން އިރުކޮޅެއް ނެގިއެވެ. ޒޫރިންގެ ބޮލުގައި ފިރުމާލާފައި އޭނާގެ އަތުގައި ހިފާލަމުން ރޭޝްމާ ވާހަކަދެއްކިއެވެ.

“މަންމަގެ އެއްވެސް މައްސަލައެއްނެތް… އެކަމަކު ތި ވާހަކަ ދެއްކުން އެންމެ ރަނގަޅުވާނީ ދަރިފުޅުގެ ބައްޕަގެ ގާތުގައި… ވަކިގޮތެއް ނިންމާނީ ވެސް ބައްޕަ…” ރޭޝްމާ ބުނެލިއެވެ.

“ނުކެރޭނެ… ބައްޕަ ވަރަށް ބޮޑަށް ރުޅި އާދޭ ފަރިޔާލުމަންމަދެކެ” ޒޫރިން ޖެހިލުންވިއެވެ.

“ތީ ހަމަ ރީންއަށް ހީވާގޮތެއް… ރުޅިއަށްވުރެ ބޮޑަށް އެކަމާ ބައްޕަ ދެރަވޭ… އެހެންވެ އެ ވާހަކަ ނުދައްކަނީ… އަޅެ ރީން ތި ވާހަކަ ބައްޕަ ގާތުގައި ބުނެބަލަ. މިރޭ ބުނަންވީނު…” ރޭޝްމާ ހިތްވަރުދިނެވެ.

އެތައް އިރަކު އުޅެގެން ވަރަށް ހިތްވަރުކޮށްފައި ޒޫރިންއަށް ފަރިޔާލުގެ ވާހަކަ ތަހުސީނުގެ ގާތުގައި ބުނެވުނެވެ. އޭނާ ހިމޭންވެފައި އިން ގޮތުން ޒޫރިން ހީކުރީ ނުރުހުނީ ކަމަށެވެ. އެހެންވެ އިތުރަށް އެއްވެސް ވާހަކައެއް ނުދައްކާ އީތަންއާއެކު ކޮޓަރިއަށް ދިޔައީއެވެ. ޒޫރިން ގޮސް ގެއްލުމުން ރޭޝްމާ ވާހަކަދައްކަން ފެށިއެވެ. ތަހުސީނު އަނގައިން ނުބުނީ ކީއްވެތޯ އޭނާ ސުވާލުކުރަން ފެށިއެވެ. ދެން ވެސް ތަހުސީނު ހިމޭންނު އިނދެފައި ވާހަކަދެއްކިއެވެ.

“ރޭޝް ދެރަވާނެތީވެ އަހަރެން އެއްޗެއް ނުބުނީ… ފަރިޔާލުއާ ބައްދަލުވެ އޭނާގެ ގާތުގައި ރީން މަޑުކުރަން ޚިޔާލުކޮށްފާނެތީ ބިރުގަތީ…”

“ތަހުސީނު… ރީންގެ މަންމައެއީ… އެކަން އަހަރުމެން ދަންނަންވާނެ، އެހެންނޫނަސް އޭނާ އަހަރުމެން ދޫކޮށްލާފައި ނުދާނެކަމުގެ ޔަޤީންކަން އެބައޮތް… ރީން އެއުޅެނީ އޭނާގެ މަންމައާ ދުވަހަކު ވެސް ބައްދަލުނުވާތީ އެހެންވެ… ރީން ވަރަށް ސާފުކޮށް ބުނި އޭނާ ބޭނުންވަނީ ފަރިޔާލާ ބައްދަލުކޮށް އޭނާ ކުރިކަންތަކަށް މާފުދޭށޭ… އަހަރުމެން އެ ފުރުޞަތު ރީންއަށް ދޭންޖެހޭނެ… ތަހުސީނުގެ ފުރަތަމަ ލޯބިވެރިޔަކީ އެއީ… އޭނާދެކެ ތަހުސީނުވީ ލޯބީގައި އެޅި މޭވާއެއް ރީންއަކީ… އަހަރެން…. އަހަރެން ވެސް ބޭނުން ފަރިޔާލުއާ ބައްދަލުކޮށްލަން…” ރޭޝްމާ ތަހުސީނުގެ އަތުގައި ހިފާލިއެވެ.

“ރޭޝްގެ އެއްވެސް އެދުމަކަށް އަހަރެން ދެކޮޅެއް ނުހަދާނެކަން އެނގެއެއްނު… އަހަރެން ދަތުރު ހަމަޖައްސާނަން. އެކަމަކު ތިހާލުގައި ރޭޝް ގޮވައިގެން ދާންވީމަ އަހަރެން ކަންބޮޑުވަނީ… ލިބެންއުޅޭ ދަރިފުޅަށް އެއްވެސް ކަމެއްވާކަށް އަހަރެން ނޭދެން… މީހެއްގެ އެސްފީނައެއް ޖެހޭކަށް ވެސް ބޭނުމެއްނޫން”

“ތިވަރަށް ނުވިސްނަބަލަ… ދަތުރުކުރަން ޑޮކްޓަރު އޮތީ ހުއްދަ ވެސް ދީފައި، އަނެއްކާ ފަރިޔާލު ނުފެނުނެއްކަމަކު އޭނާއަކީ އެހާ ހިތްނުބައި މީހެއްގެ ގޮތުގަ އަހަންނަށް ސިފައެއްނުކުރެވޭ… އޭނާއަށް ކުރިމަތިވި މަޖުބޫރުގައި ހުރިހާކަމެއް އެގޮތަށްވެ އެ ނިމުނީ… ރީން އެބުނަނީ ތެދެއް… އޭނާއަށް ވެސް މާފު ހައްޤުވާނެ… އެ ދަރިފުޅު ދުނިޔޭގައި ހުރިކަން އެނގޭއިރު އެކުއްޖާއާ ބައްދަލުކޮށްލަން އެއްފަހަރު ނަމަވެސް ބޭނުންވާނެ… ހިތްހަލާލު ލިބުމަކީ ދެ ދުނިޔޭގައި ވެސް ލިބޭނެ އެންމެ ބޮޑު ހިތްހަމަޖެހުން…” ރޭޝްމާގެ ވާހަކައިން ތަހުސީނުގެ ހިތަށް އަސަރުކުރިއެވެ.

ދެތިން ދުވަސްތެރޭ ށ.އަތޮޅަށް ފުރުމުގެ ކަންކަން ތަހުސީނު ހަމަޖެއްސިއެވެ. ފަރިޔާލުގެ ގާތަށް ދެވޭތީ ޒޫރިން ހުންނަނީ ހިތް އަވަސްވެފައެވެ. އެކަން އީތަންއަށް އެނގެއެވެ. ޒޫރިންގެ ހަޔާތާ ބެހޭގޮތުން އީތަންއަށް މިހާރު ނޭނގޭ އެއްވެސް ކަމެއް ނެތެވެ. އޭނާގެ ފަރާތުން ޒޫރިންއަށް ދޭންޖެހޭ އެއްބާރުލުން އެންމެ ފުރިހަމަ ގޮތުގައި އީތަން ދެއެވެ.

* * * *

ވާހިދުގެ އެހީތެރިކަން ތަހުސީނަށް ވަރަށް ބޮޑަށް ލިބުނެވެ. އޭނާ މަރޮށީގައި ހުންނާނޭ ތަނެއް ތަހުސީނުގެ ޢާއިލާއަށް ހަމަޖައްސައިދިނެވެ. ތަހުސީނުގެ ޢާއިލާއާ ބައްދަލުވީތީ އެކަމުގެ އުފަލުގައި ވާހިދު ބޭނުންވީ ހުރިހާ އިރެއް ކެއުމުގެ ކަންތައްތައް އެމީހުންގެ ގެއިން ހަމަޖެއްސުމަށެވެ. ތަހުސީނުމެން ތިބޭގޮތަށް ހަމަޖެހުނީ އޭނާ ފުރަތަމަ ފަހަރަށް އެ ރަށަށް އައިސް ހުރި އަބްދުﷲބޭމެން ގޭގައެވެ.

“ތަހުސީނުގެ ޚަބަރެއް ދެން ނުވާނެކަމަށް ހީކޮށްގެން މިހިރީ… އަނއްކާ މިފަހަރު ވެސް ތިއައީ ފަރިޔާލުއާ ބައްދަލުކުރަންތަ؟” ދޮރޯށި ދޮށުގައި ތަހުސީނާއެކު އެކަނިވެލުމުން ވާހިދު ސަމާސާކޮށްލިއެވެ.

“މިރަށަށް އަންނާކަށް ކުރިއަކުން ޚިޔާލެއް ނުކުރަން… އެކަމަކު ވަގުތުޖެހުނީމާ އަނެއްކާ ވެސް އަންނަންޖެހުނީ… ތެދަށް ބުނަންޏާ މިފަހަރު ވެސް މިއައީ ފަރިޔާލާ ބައްދަލުކުރަން.. އަހަރެންގެ ޢާއިލާ ގޮވައިގެން މިފަހަރު މިއައީ… ފަރިޔާލަށް ނޭނގި އަންނަން ޖެހޭތީ ވާހިދަށް ގުޅީ… މިފަހަރު ވެސް ވާނެ އަހަރެން އެގެއަށް ގެންގޮސްދޭން” މަގުމަތީގައި ކުޅެން އުޅުނު ކުދިބަޔަކަށް ނަޒަރު ހުއްޓާލައިގެން ހުރެ ތަހުސީނު ބުނެލިއެވެ.

ސުކޫލުގައި އުޅުނު ފަރިޔާލާއި ވާހިދުމެންގޭ ސަމީނާއާ ދިމާވެގެން އެގެއަށް މާލޭ ބަޔަކު އައިސްގެން އުޅޭ ވާހަކަ އިވުނެވެ. އެމީހުން ތިބެނީ އަބްދުﷲބެމެން ގޭގައޭ ސަމީނާ ބުނުމާއެކު ފަރިޔާލުގެ ހިތް އަވަސްވިއެވެ. ވަގުތުން އެއީ ކޮންބައެއްތޯ އެނގެން ފަރިޔާލުގެ ޟަމީރު ތެޅިގަތެވެ. ސަމީނާގެ ވާހަކަތަކުން ފަރިޔާލަށް މާބޮޑު އެއްޗެއް އޮޅުމެއް ނުފިލިއެވެ. އެހެންނަމަވެސް އޭނާ ހަވީރު ގެއަށް ދިޔައީ ސުވާލުތަކުން ސިކުނޑި ފުނިޖެހިފައި ހުރެއެވެ.

“ފަރިޔާލު… ވާހިދުބެ އެ ދިޔައީ ދަރިފުޅު ހޯދަން އައިސްފައި” ގެއަށް އައިސް ވަންތަނާހެން ނާހިދާ ބުނެލިއެވެ. އިތުރަށް ފަރިޔާލުގެ ހިތުގެ ހިނގުން އަވަސްވިއެވެ.

“ކީއްކުރަން ވާހިދުބެއައީ” ނިކަން އަވަހަށް ފަރިޔާލަށް އަހާލެވުނެވެ.

“ދަރިފުޅު ގޮވައިގެން އެގެއަށް ދާންވެގެން…”

“މިއަންނަނީ އެގޭ ދޮށަށް ގޮސްފައި” ފަރިޔާލު ވަންދޮރުން ނުކުމެގެން ހިނގައިގަތީ ވާހިދުމެންގެއަށް ދިއުމަށެވެ.

ހިނގަމުން ހިނގަމުން އަންނަނިކޮށް ވަކި ހިސާބަކުން ފަރިޔާލަށް ވާހިދު ފެނިއްޖެއެވެ. އެއާއެކު ބޭއިޚްތިޔާރުގައި ނިކަން ބާރަށް ވާހިދަށް ގޮވާލެވުނެވެ. އަދި ދެފަޔަށް ބާރުލާފައި އޭނާއާ އަރާ ހަމަކުރުމަށް ފަރިޔާލު ދުއްވައިގަތެވެ.

“މަންމަ…. މަންމަ ބުނި.. ހޯދަން…”

“ހަމަޖެހިބަލަ… އިހަށް ނޭވާލާ…. ފަރިޔާލު ހޯދަން ދިޔައީ މިފަހަރު ވެސް ފަރިޔާލާ ބައްދަލުކުރަން މާލެއިން މީހަކު އައިސް ހުރީމަ” ވާހިދުގު ވާހަކަ ނިމުނުއިރު ފަރިޔާލުގެ މޫނުމަތިން ހައިރާންކަން ފާޅުވޭވޭ ހުއްޓޭވެ. އަނގައިން ނުބުނެވިފައި ހުއްޓާ ފަރިޔާލުގެ ކޮނޑުގައި ޖަހާލަމުން ވާހިދުއާއެކު އައުމަށް ބުނެލިއެވެ.

“ތަހުސީނު…” މަޑުމަޑުން ފަރިޔާލަށް ބުނެވުނެވެ.

“އާން! ތަހުސީނު އައިސްގެން އުޅެނީ… މިފަހަރު އައީ ޢާއިލާ ވެސް ގޮވައިގެން… ދެންމެ ގުޅީމާ ބުނި މި ދިމާ އަތިރީގައި އޭނާ އެބަހުރީމޯ”

ވާހިދުއާއެކު ހަލުވި ހިނގުމުގައި ފަރިޔާލު އައިސް އަތިރިމައްޗަށް ފޭބިއެވެ. އޭރު ރުކެއްގައި އެއްފައި ޖައްސާލައިގެން ތަހުސީނު މަޑުކޮށްލައިގެން ހުއްޓެވެ. އޭނާއާ ކައިރިއަށް އާދެވުމާއެކު ވާހިދު ގޮވާލިއެވެ. އެހިނދު އެނބުރިލި ތަހުސީނަށް ފަރިޔާލު ފެނުނެވެ. އޭނާ ލަމުންދިޔަ ނޭވާއަށް ބަދަލުއައެވެ. އަވަސްއަވަހަށް އިސްޖަހާލިއެވެ.

“މިހިރީ ފަރިޔާލު… އަހަރެން އަންނަނިކޮށް ދިމާވެގެން ގޮވައިގެން މިއައީ” ވާހިދު ބުނެލިއެވެ.

“ވާހިދު ގޭދޮށަށް ދޭ… އަހަރެން ފަރިޔާލު ގޮވައިގެން ދާނީ އަހަރުމެން ތިބޭ ގެއަށް” ވާހިދަށް ބަލާލާފައި ނިކަން ހަރުދަނާކަމާއެކު ތަހުސީނު ބުނެލިއެވެ.

ވާހިދު ބޯޖަހާލާފައި ހިނގައިގަތުމާއެކު ތަހުސީނުގެ ނަޒަރު އައިސް އަމާޒުވީ ފަރިޔާލަށެވެ. އޭނާއަށް ވަނީ ބަދަލުތަކެއް އައިސްފައެވެ. އެ ރީތި އިސްތަށިގަނޑާއި ބޯ ވަނީ ބުރުގާއިން ނިވާކުރެވިފައެވެ. ލާފައި ހުރީ ގަޔަށް ދޫ ކަޅުކުލައިގެ ބޮޑު ހެދުމެކެވެ. އެހެންނަމަވެސް ތަހުސީނު އެންމެ އަޅައިގަތީ ފަރިޔާލުގެ ލޮލުގައެވެ. އެތައްހާސް ހިތާމަތަކެއް އެ ލޮލުން ތަހުސީނަށް ސިފަވެގެންދިޔައެވެ. ކުށްވެރިއަކުހެން ފަރިޔާލު ބަހެއް ވެސް ނުބުނެ ހުއްޓެވެ. ހާސްވެ ޖެހިލުންވެފައި ހުރިކަން އޭނާގެ ދެއަތްތިލައިގެ އިނގިލިތައް ހަރަކާތްކުރާ ގޮތުން އެނގެއެވެ.

“ހާލު ކިހިނެއްތަ؟” ތަހުސީނު އަހާލިއެވެ. އަދި އޭނާގެ އަޑު ހަމަޖައްސާލުމަށް ކަރުކެހެލިއެވެ.

“ރަނގަޅު…” ތަހުސީނާ ކުރިމަތިލައިގެން ހުރުން ފަރިޔާލަށް ފަސޭހައެއްނުވިއެވެ. އެހެންވެ އޭނާ މޫދާ ދިމާއަށް ނަޒަރު ހުއްޓާލިއެވެ. އޭރު އެ ސަރަހައްދުގައި މޫދަށް އެރުމަށް ރަށުގެ އެކި އުމުރުގެ ކުދިން އުޅެއެވެ.

“މި ފަހަރު އައިސް މިއުޅެނީ ޢާއިލާ ގޮވައިގެން”

“އެނގޭ… ވާހިދުބެ ބުނި” ފަރިޔާލު ވަގުތުން ޖަވާބުދިނެވެ.

“މިއައީ ފަރިޔާލާ ބައްދަލުކުރަން… އަހަންނަށްވުރެ ބޮޑަށް ފަރިޔާލާ ބައްދަލުކުރަން އެދެނީ އަހަރުމެންގެ ދަރިފުޅު” ތަހުސީނު މިހެން ބުނުމާއެކު ފަރިޔާލު ބަލާލީ ސީދާ ތަހުސީނުގެ ލޮލަށެވެ.

“ތެދަށް މިބުނީ… އަހަރުމެންގެ ދަރިފުޅާއި އެ ދަރިފުޅު ބެލި މިހާރު އަހަރެންގެ އަނބިމީހާ…. އެ މީހުން ބޭނުންވޭ ފަރިޔާލާ ބައްދަލުކުރަން، ކުއްލިއަކަށް އެމީހުންގެ ތެރެއަށް ގެންދިއުމުގެ ކުރިން ފަރިޔާލާ ވާހަކަދައްކަން އަހަރެން ބޭނުންވީ”

“އަހަންނާ އެ މީހުން ބައްދަލުކުރަނީ ކީއްކުރަން”

“ފަރީ…. އަހަރެން ނުބުނަންތަ ފަރީއަށް އަހަރެން މާފުކުރީމޭ. އަހަރެންގެ ހިތުގެ އަޑިން އަހަރެން ފަރީއަށް މާފުކޮށްފިން. ފަރީ ބޭނުމެއްނުވޭތަ އަހަރުމެންގެ ދަރިފުޅު ދުށުމަކަށް… އެ ދަރިފުޅު މިއަދު އައިސް އެހެރީ ފަރީ ދުށުމަށް…. އޭނާގެ އެއްވެސް ޝަކުވާއެއްނެތް… އޭނާ ބޭނުންވަނީ ފަރީއަށް މާފުކުރާކަން ހާމަކުރަން… އެ ދަރިފުޅަށް އެ ހައްޤު ވެސް ފަރީ ނުދޭނަންތަ؟… އެއީ އަހަރުމެން ދެ މީހުންގެ ދަރިއެއްނު” ތަހުސީނުގެ އަޑުގައި ހުރި އާދަޔާ ޚިލާފު އޯގާތެރިކަން ފަރިޔާލުގެ ހިތް ފޫދުއްވާލި ކަހަލައެވެ. މޭގައި އަތްޖައްސާލުމާއެކު ފަރިޔާލަށް އިސްޖަހާލެވުނެވެ.

“އަހަންނަކަށް ނުކެރޭނެ… އަހަންނަކީ ކިހާ އަނިޔާވެރި މައެއް”

“ތިހެން ނުބުނޭ ފަރީ… ހިނގާ އަހަންނާއެކު… އެ ދަރިފުޅު ހުރީ ފަރީގެ އިންތިޒާރުގައި… ހިނގާ އަވަހަށް… އެ ދަރިފުޅާ ދުރުގައި ފަރީ އުޅެފީމެންނު… އަހަންނަށް އެނގޭ އެކަމުން ފަރީއަށް މިއަދާ ހަމައަށް ވެސް އުފަލެއް ނުލިބޭކަން… ހިނގާ އަހަރުމެންގެ ދަރިފުޅު ކައިރިއަށް” ތަހުސީނު ކުރިއަށް ޖެހިލާ ފަރިޔާލުގައި ކޮނޑުގައި އަތްޖައްސާލިއެވެ. އެހިނދު ފަރިޔާލަށް އޭނާއަށް ހުރެވުނު ތަން ވެސް ހަނދާންނެތުނެވެ. ރޮވިފައި ތަހުސީނުގެ މޭގައި މޫނުޖައްސާލެވުނެވެ. އެއާއެކު ފަރިޔާލުގެ ކޮނޑުގައި ހިފާ ގާތްކޮށްލައިގެން ހުރެ ތަހުސީނު ހިނގައިގަތެވެ.

ސިޓިންރޫމުގައި ތިބި އެންމެނަށް ތަހުސީނާއެކު ވަން ފަރިޔާލު ފެނުނެވެ. އެންމެ ފަރުތަމަ ވެސް ސޯފާގައި އިނދެފައި ކޮޅަށް ތެދުވީ ޒޫރިންނެވެ. ސުވާލުގެ ނަޒަރަކުން ތަހުސީނަށް ބަލަންހުއްޓެވެ. ރޭޝްމާ ތެދުވެ ޒޫރިންގެ ކޮނޑުގައި ހިފާލިއެވެ.

“ރީން… މީ ދަރިފުޅު ބައްދަލުކުރަން ތި އައީ މީހަކީ… މިހިރީ ގެނެސްދީފައި…” ތަހުސީނު މިހެން ބުނިއިރު ފަރިޔާލު ނަޒަރު ހުރީ ޒޫރިންއަށް ހުއްޓިފައެވެ. އެ ދެ ލޯ ފުރި ބަންޑުންވަނީއެވެ. ކުރިއަށް ފިޔަވަޅެއް އަޅާނުލެވުނުތާ ލަދުވެތިކަމާއި ކުށްވެރިކަމުގެ އިހުސާސްއިން ފަރިޔާލުގެ މޫނު ދެއަތުގެ ތެރޭ ފޮރުވާލިއެވެ.

“ވަރަށް އުފާވެއްޖެއް ފަރިޔާލުމަންމައާ ބައްދަލުވީމަ… އަޅުގަނޑު ވަރަށް ގިނަ ދުވަސްވެއްޖެ ފަރިޔާލުމަންމަ ހުންނާ ގޮތް ދުށުމަށް ބޭނުންވެފައި ހުންނަތާ… ދެން ނުރޮއެ… އަޅުގަނޑު… އަޅުގަނޑު ފަރިޔާލުމަންމައަށް މާފުކޮށްފިން…” ޒޫރިން މަޑުމަޑުން ފަރިޔާލުގެ މޫނުގައިވާ ދެއަތްތިލަ ނެގިއެވެ. އެއާއެކު ރޮމުންރޮމުން ޒޫރިންގެ ގައިގާ ފަރިޔާލު އޮޅުލައިގަނެއްޖެއެވެ.

“ދަރިފުޅާ… ދަރިފުޅާ…” ޒޫރިންގެ މޫނުގެ އެތަން މިތަނުގައި ފަރިޔާލު ބޮސްދިނެވެ. ޒޫރިންގެ ދެއަތާއި ބުރަކަށީގައި ފިރުމިއެވެ. އެ ހުރިހާ މަންޒަރެއް ބަލަން ރޭޝްމާއާއި އީތަންގެ އިތުރުން ތަހުސީނު ހުއްޓެވެ. ފަރިޔާލުގެ ބުރަކަށީގައި ފެންކަޅިވެފައި ހުރި ތަހުސީނު ފިރުމާލިތަން ރޭޝްމާ ދުށްޓެވެ. އެވަގުތު އޭނާގެ ހިތް ވަރުގަދަ ޚިޔާލަކުން ބަދެވުނެވެ. މަޑުމަޑުން ބަނޑުގައި ފިރުމާލާފައި އަލުން ތަހުސީނުގެ މޫނަށް ރޭޝްމާ ބަލާލިއެވެ.

ފަރިޔާލު ގޮވައިގެން ގެނެސް ސޯފާގައި ބޭންދީ ޒޫރިންނެވެ. އޭނާގެ ދެއަތުން ފަރިޔާލުގެ ކޯތާފަތް ފުހެލަދެމުން ހިތުގައި އެ މަންމައާ ދޭތެރޭ އެއްވެސް ޝަކުވާއެއްނެތްކަމުގައި ބުނެލިއެވެ. އަދި ހިނިތުންވުމެއް ބަދަލުކޮށްލުމާއެކު ލޮލުން އީތަންއަށް އިޝާރާތްކޮށްލީ އޭނާގެ ގާތަށް އައުމަށެވެ.

“މީ އަޅުގަނޑުގެ ފިރިމީހާ… އަޅުގަނޑުމެންގެ ދަރިފުޅު ޝަމްޢާން” އީތަން އައިސް ޒޫރިންގެ ގާތުގައި ހުއްޓުމާއެކު އޭނާގެ އަތުން ދަރިފުޅު ނަގަމުން ޒޫރިން ވާހަކަދެއްކިއެވެ. އަދި ކުޑަދަރިފުޅު ފަރިޔާލުގެ އަތަށް ލައިދިނެވެ. އެ ކުއްޖާގެ ކޮލުގައި ލޯބިކޮށްލުމާއެކު ނިތުގައި ބޮސްދީފައި ފަރިޔާލުގެ ގަޔާލާ ބޮނޑިކޮށްލިއެވެ. އިރުކޮޅަކު އެހެން އިނދެފައި ފަރިޔާލު ޒޫރިންއަށް ބަލާލުމާއެކު އޭނާގެ ކޯތާފަތުގައި ފިރުމާލިއެވެ.

“ދުނިޔޭގައި ހުއްޓާ މިއަށްވުރެ ބޮޑު އުފަލެއް އަހަންނަކަށް ނުލިބޭނެ… އަހަރެންގެ މަޖުބޫރީގައި އެއްލާލި ދަރިފުޅާ ބައްދަލުވުމުގެ ނަސީބު ﷲ މިންވަރު ކުރައްވައިފި… މިއަށްވުރެ ބޮޑު އުފަލެއްނުވޭ…” މަޑުމަޑުން ފަރިޔާލު ބުނެލިއެވެ.

ދަރިފުޅާއި ބައްދަލުވުމުގެ އުފަލުގައި ފަރިޔާލުގެ ޖަޒުބާތުތައް ހަމައަކަށް އެޅެން ވަގުތުނެގިއެވެ. އޭނާ ހަމަޖެހިލުމުން ރޭޝްމާއާ ބައްދަލުކުރިއެވެ. ތަހުސީނުގެ އަނބިމީހާކަމާއި އަދި ތަހުސީނުގެ ދަރިއަކަށް ރޭޝްމާ ބަލިވެއިންކަން އެނގުމުން ފަރިޔާލުގެ ހިތަށް ތަދުވިއެވެ. އެހެންނަމަވެސް އޭނާ ތަހުސީނުގެ މައްޗަށް އުފާކުރިއެވެ. އެހިތުގައި އަދިވެސް ލޯބި ފޮރުވިފައިވާތީއެވެ. ލޯބި އުފަންކުރުވީ އުފާވެރި އިހުސާސްތަކުންނެވެ. އެނބުރި ފަރިޔާލު ދިޔައީ އުފަލުން ހެމުންނެވެ. މޮޔައަކު ފަދައިންނެވެ. އޭނާގެ ޢާއިލާއާ ބައްދަލުކޮށް އެރޭގެ ކެއުން އޮންނާނީ ފަރިޔާލުމެން ގޭގައިކަން ބުނެފައެވެ. އަދި ބަރާބަރު އަށެއްޖަހާއިރު އެމީހުން ބަލާ އެގޭ ދޮށަށް އަންނާނަން ކަމުގައި ބުނެފައެވެ.

އެންމެންނަށް ހަމަޖެހުން ލިބިގެން ދިޔަ ރެއަކަށް އެރޭ ވިއެވެ. ކޮޓަރިތެރޭގައި ރޭޝްމާ ތައްޔާރުވާން އިނެވެ. އަދިވެސް އޭނާގެ ހިތަށްވަން ޚިޔާލުތައް ފިލައިގެންދާކަށް ނޫޅުނެވެ. ފަހަރެއްގައި ހާމަކުރުމުން ތަހުސީނު ހިތްހަމަނުޖެހިދާނެތީ އޭނާ ޖެހިލުންވެއެވެ. އެހެންވިޔަސް ފޮރުވައިގެން ހުރުމަށްވުރެ ހާމަކުރުމުން ހިތަށްލިބޭ ހަމަޖެހުން ބޮޑުވާނޭކަމުގައި ރޭޝްމާއަށް ވިސްނުނެވެ. ހިތްހަމަޖެހޭ ގޮތަށް ބުރުގާ އަޅާލެވުމާއެކު ލޯގަނޑު ކުރިމަތީ ހުރި ރޭޝްމާ އައިސް އެނދުގައި އިށީނދެ އިން ތަހުސީނުގެ ގާތުގައި އިށީނެވެ.

“އަހަރެން ދުވަހަކު ވެސް ހިތަކަށް ނާރާ ފިރިމީހާ ގާތުގައި މި ކަހަލަ ވާހަކައެއް ބުނަން ބޭނުންވެދާނެއެކޭ… އެކަމަކު ފަރިޔާލު ފެނުނީއްސުރެން އަހަރެންގެ ހިތާއި ސިކުނޑި މިވަނީ އެ ޚިޔާލަކުން ސަލާމަތްނުވެވޭ ހިސާބަށް ގޮސްފައި… އަބަދުވެސް އަހަރެންގެ ހިތް ބުނި ފަރިޔާލަކީ ގޯސްމީހެއްނޫނޭ… މިއަދު އެކަން އެނގިއްޖެ… ތަހުސީނު… އޭނާ އެވަނީ ވަރަށް އެކަނިވެފައި… މިހާ ދުވަހު އޭނާ މީހަކާ ނީދެ އެހުންނަނީ ކީއްވެކަން ތަހުސީނަށް ނުވިސްނޭތަ؟ ނިކަން އަމިއްލަ ހިތާ ސުވާލުކޮށްބަލަ… ތިހިތުގެ ކޮންމެވެސް ހިސާބެއްގައި އަދިވެސް ފަރިޔާލު އެބަވޭ… އަހަރެން ދުވަހަކުވެސް ޝަކުވާއެއް ނުކުރާނަން ފަރިޔާލު އަނތްބެއްގެ ގޮތުގައި ތަހުސީނު ބަލައިގަތަސް…”

“ރޭޝް… ކީއްވެތަ ތިކަހަލަ ތިދައްކަނީ… އެއީ މާޒީ… އަލުން އިޔާދަކުރަން ނޫޅޭ. އަހަރެން ރޭޝްއާ ކައިވެނިކުރީ ލޯބިވާތީ… ހުރިހާ ހަޤީޤަތެއް ވެސް އެނގިހުރެ… މި ދިރިއުޅުމަށް އިތުރު މީހަކު ވައްދަން ނޫޅޭ… އަހަރެން ދުވަހަކުވެސް ރޭޝްއަށް ދެރަވާނޭ ފަދަ ކަމެއް ނުކުރާނަން” ތަހުސީނު ކަންބޮޑުވެފައި ރޭޝްމާއާ ދިމާއަށް އެނބުރިލަމުން އޭނާގެ ދެއަތްތިލައިގައި ހިފާލިއެވެ.

“އިތުރުމީހެއްނޫން ފަރިޔާލަކީ… މިއަދު އޭނާގެ ލޮލުން ވެސް އަދި ތަހުސީނުގެ ލޮލުން ވެސް އަހަރެން… އަހަރެން ދުށިން ލޯބި… ފަރިޔާލަށް ގެއްލުނު ލޯބި ހޯދައިދީ… އޭނާ އެ ހިތާމަތަކުން ނެރޭ… އޭނާއަށް މިއަދު ތަހުސީނުގެ އެހީތެރިކަން ބޭނުންވޭ… މި ހުރިހާ ދުވަހު އެތައް ހިތާމަތަކެއް އެ ހިތުގައި ފޮރުވައިގެން އޭނާ ހުރީ… ތަހުސީނަށް ދަރިފުޅު ލިބުނުއިރު އޭނާއަށް ލިބުނީ ކޯއްޗެއް… ކޮންމެ އިންސާނަކަށް ވެސް ކުށެއްކުރެވޭނެ… މިއަދު ފަރިޔާލު ފެނުމުން ހީވަނީ އޭނާގެ ކުށަށް ދުވަހަކުވެސް މަޢާފެއްނެތްހެން… ތަހުސީނު.. ފަރިޔާލާ ކައިވެނިކުރޭ…” ރޭޝްމާގެ ވާހަކަތައް ތަހުސީނަށް ޖަވާބެއް ނުދެވުނެވެ. އޭނާ ފުން ވިސްނުމަކަށް ގެއްލިފައި އިނދެވުނީއެވެ. އޭނާ ވެސް ފޮރުވަން އުޅޭ ހަޤީޤަތަކީ އެ ހިތުގައި ފަރިޔާލުގެ ޚިޔާލުތައް ވަޅުޖެހިފައި ހުރިކަމެވެ. ކިރިޔާ ކޮނެލިޔަސް ފެންނަ ހިސާބުގައެވެ.

“ތީ ހަމަ ރޭޝް ވިސްނާފައި ބުނާއެއްޗެއްތަ؟ ނޫނީ ފަރީގެ މައްޗަށް ހަމްދަރުދީވެގެންތަ؟”

“އަހަރެން ހިތުން ރުހުމުން ބުނި އެއްޗެއް… އުފާވެރިކަންވަނީ ލޯތްބާއެކު…” ރޭޝްމާގެ ވާހަކަތަކަށް ތަހުސީނު އެއްބަސްވިއެވެ.

އެރޭ އަށެއްޖަހަންވިއިރު ފަރިޔާލު އަތުވެއްޖެއެވެ. ޒޫރިންއަށް ތައްޔާރުނުވެވޭތީ އޭނާއަށް ތައްޔާރުވެވެންދެން ފަރިޔާލު މަޑުކޮށްލި ވަގުތު ތަހުސީނު އޭނާއަށް ގޮވާލިއެވެ. އަދި ގޮވައިގެން ކޮޓަރިއަށް އައިސް ވަނެވެ. އޭރު އެނދުގައި އިށީނދެގެން ރޭޝްމާ އިނެވެ. ފަރިޔާލު ފެނުމުން ހިނިތުންވެލައިގެންނެވެ. ތަހުސީނު އައިސް ފަރިޔާލުގެ ކުރިމަތީ ހުއްޓިލުމާއެކު ކައިވެންޏަށް ފަރިޔާލުގެ ގާތުން އެދުނެވެ. އެހިނދު ބިރުވެރިމަންޒަރެއް ސިފަވެގެން ދިޔަހެން ފަރިޔާލު ފަހަތަށް ޖެހިލުމާއެކު ރޭޝްމާގެ މޫނަށް ބަލާލިއެވެ.

“މިއަދު ނޫނެކޭ ނުބުނާތި… ދެ މީހުންނަށް މިއަށްވުރެ ރަނގަޅު ފުރުޞަތެއްކޮބާ؟ އަހަރެން ފަރީއާ ހިތުން ރުހުމުން ޤަބޫލު… ތަހުސީނުގެ ދެވަނަ އަނތްބަކަށް ފަރީވުމަކުން އަހަންނަށް އެނގޭ ތަހުސީނުގެ ފަރާތުން އަހަންނަށް ލިބެންޖެހޭ ލޯތްބެއް އުންޏެއް ނުވާނެކަން… އަހަރެން ނުރުހިދާނޭތީ އެއްގޮތަކަށް ވެސް ފަސްނުޖެހޭ… އަހަންނަށް ފެންނަނީ ފަރީ އަދި ތަހުސީނާ ވާހަކަދައްކާލަން” ރޭޝްމާ މިހެންބުނެ ފަރިޔާލުގެ ކޮނޑުގައި ފިރުމާލާފައި އެ ކޮޓަރިން ނުކުމެއްޖެއެވެ.

ތަހުސީނު އައިސް ފަރިޔާލުގެ ކުރިމަތީ ހުއްޓުނެވެ. މެޔަށް ފިނިގެންވެގެން ދިޔަ އިހުސާސް ފަރިޔާލަށް ކުރެވުނެވެ. އެހެންނަމަވެސް އޭނާ ހިތްވަރުކޮށްފައި ވާހަކަދެއްކިއެވެ.

“ތަހުސީނު… އަހަރެންގެ ހިތަށް މިއަދު ހަމަޖެހުން ލިބިއްޖެ… އަނތްބަކަށް ނުހެދިނަމަވެސް ތަހުސީނުގެ ލޯބި އަހަންނަށް ލިބިއްޖެ. އެއީ ދުވަހަކުވެސް ގެއްލިދާނޭ އިހުސާސެއްނޫން… ރޭޝްމާއަކީ ރަނގަޅު އަންހެނެއް، އަހަރުމެން ދަރިފުޅަށް އެންމެ އެކަށޭނެ މަންމައަކީ އެއީ އަދި ތަހުސީނަށް އެންމެ އެކަށޭނެ އަނތްބަކީ ވެސް އެއީ… އަހަރެން މި ހުރި ގޮތަށް މި ރަށުގައި ހުންނަން ދޫކޮށްލާ… އަދި އަހަރުމެން ދެ މީހުންގެ ދެމެދުގައި މި އޮތް ގުޅުން މިގޮތަށް އޮތަ ދީ… އަހަންނަށް މިހާރު އަހަރެންގެ ދަރިފުޅާއި ލޯބި ވެސް ލިބިއްޖެ… އެވަރުން ފުދޭ… ރޭޝްމާގެ ހިތްހެޔޮކަން އަހަރެން ދުވަހަކު ވެސް ހަނދާނެއްނުނެތޭނެ… ތަހުސީނުގެ ގާތުން އަހަރެން ބޭނުންވަނީ އެންމެ ކަމެއް… އެއީ އަހަރެންގެ ދަރިފުޅު ދުށުމަށް ބޭނުންވާ ފަހަރަކުން އެ ދަރިފުޅާ ބައްދަލުވުމުގެ އިޒުނަ ދިނުން”

ތަހުސީނު ކުއްލިއަކަށް ފަރިޔާލު ގެނެސް އަތުގެތެރޭ ބޮނޑިކޮށްލިއެވެ. ހިމޭންކަމާއެކު ދެ މީހުން އިރުކޮޅަކު ތިބުމަށްފަހު ތަހުސީނުގެ ބުރަކަށީގައި ފަރިޔާލު ފިރުމާލިއެވެ. އަދި އޭނަ ދުރަށް ދިޔައެވެ. ތެމިފައިވާ ކޯތާފަތް ދެ އަތްތިލައިން ފުހެލުމާއެކު ފުންނޭވާއެއް ބޭރުކޮށްލާފައި ތަހުސީނަށް ފަރިޔާލު ބަލާލިއެވެ. އޭނާގެ ހިނިތުންވުމުން ތަހުސީނުގެ ގާތުގައި އެތައް ވާހަކައެއް ބުނެލި ކަހަލައެވެ. ތަހުސީނު ވެސް ހިނިތުންވެލަމުން ބޯޖަހާލިއެވެ.

ކޮޓަރިން ނުކުމެގެން އައި ތަހުސީނު އައިގޮތަށް އައިސް ރޭޝްމާގެ ގާތުގައި ހުއްޓުނެވެ. ފަރިޔާލު އައިސް ރޭޝްމާގެ އަތުގައި ހިފާލިއެވެ.

“މިއަދު އަހަންނަށް އަނތްބެއްގެ ދަރަޖަ ދިނުމަށްޓަކައި ރޭޝްމާގެ ހިތްހަލާލު ތަހުސީނަށް ދިނީތީ ތީ މާތް އަންހެނެއްކަން އަހަންނަށް އެނގޭ… ރޭޝްމާއަށް ވަރަށް ބޮޑަށް ޝުކުރިއްޔާ… އަހަރެންގެ އެދުމަކީ ތަހުސީނާއި ރޭޝްމާ އެކުގައި އުޅުން… އަހަންނަކީ މިހާރު އެކަނިވެރިއެއްނޫން.. އަހަރެންގެ ދަރިއަކު އެބަހުރި…” ރޭޝްމާ އުންމީދު ކުރިގޮތަށް ކަންތައްތައް ނުވި ނަމަވެސް އޭނާ ފަރިޔާލުގެ ނިންމުމަށް ގަދަރުކުރިއެވެ.

ޝަމްޢާނު އުރާލައިގެން އީތަން ހުރިއިރު އޭނާގެ އެއްއަތުގައި ހިފާލައިގެން ޒޫރިން ހުއްޓެވެ. އެ މީހުންގެ ކުރިމަތިން ތަހުސީނާއި ރޭޝްމާއާއި ފަރިޔާލު ދިޔައެވެ.

“އަހަރެންގެ ޢާއިލާ ފުރިހަމަވެއްޖެ… އީތަން… ލޯތްބަކީ ހަޤީޤަތުގައި ކިހާ އުފާވެރިއެއްޗެއް… ހިތާމަކުރަންޖެހެނީ ބޭނުންވެގެން އުޅޭ ލޯބި ނުލިބޭތީ… އުފާކޮށްދެނީ ލޯބިވާތީ… ކޮންމެ މީހަކު ވެސް… ނޫންތަ؟”

“ޔާރާ އެދިވާވަރުން ލޯބި ދޭށޭ ހުރީ މިތާނގާ…” ޒޫރިން ގެނެސް ގަޔާ ކައިރިކޮށްލުމާއެކު އީތަން ލަވައެއްގެ ތަންކޮޅެއް ކިޔާލިއެވެ. އެއާއެކު ޒޫރިން ހޭންފެށިއެވެ. އޭނާއާއެކު އީތަން ވެސް ފެށީ ހޭށެވެ.

— ނިމުނީ —

Leave a Comment

Your email address will not be published. Required fields are marked *