HEEVEY KALAA VAAHEN [EP-01]

( ހީވޭ ކަލާ ވާހެން، މި ވާހަކައަކީ 8 މެއި 2016 އިން 29 ޑިސެމްބަރ 2017 އަށް ޖުމްލަ 89 އެޕިސޮޑްގެ ގޮތުގައި ވީނިއުސްގައި ޝާއިރު ކުރެވުނު ވާހަކައެއް. )

ކިނާރީގެ ގޯތިތެރޭގައި ހުރި ކުންނާރު ގަހުން ސިތާރާ ކުންނާރު ބިދެ ނިންމާފައި ފާރުކައިރީ ދަނޑިބެހެއްޓިއެވެ. އަދި އަތުގައި އޮތް ކުންނާރުކޮތަޅަށް ބަލާލާފައި ހިނިތުންވެލަމުން އައިސް ބަދިގެއަށް ވަދެވެން ހުރި ދޮރުމަތީ މަޑުކޮށްލިއެވެ.

“ހާދަހާ މީރުވަހެކޭ ދުވަނީ. މުޅި ހިސާބު ވެސް އެއްވަސްކޮށްލައިފި. ކޮންހާ ހަވާދެއްތަ ޞާބިރައްތަ ތިފުނޑަނީ” ބަދިގެ ދޮރުމަތީ މަޑުކޮށްލައިގެން ހުރެ ސިތާރާ ތަންކޮޅެއް ބާރަށް ބުންޏެވެ. އޭރު ޞާބިރާ ކަރަންޓުން ފުނޑަން ހުރެފައި ގުރިންޑަރު ނިއްވާލީ ސިތާރާގެ އަޑާއެކުއެވެ.

“މިއުޅެނީ މީރު ކެއުންގަނޑެއް ތައްޔާރުކުރެވޭތޯ. ކޮބާ ބޭނުންވިވަރަށް ކުންނާރުކޮޅެއް ލިބުނުތަ. ކުދިންތައް އައިސް ގެންދާވަރުން މިހާރު ނުހުރެއޭ”

“މިހިސާބުގައި މިގޭ ގަސްނޫނީ އެހާ ވަރަށް ކުންނާރުއަޅާ ގަހެއް މަށެއްވާ ނުދެކެން. އަބަދުވެސް މިގޭގަހަށް އޮންނަނީ ކުންނާރު މޫސުން އައިސްފައި. މިވަރު މަދެއްނޫނެއްނު. މަޖާ ހަދައިގެން ގެންނާނަން… ކޮބާތަ ލުހާ”

“ރަށުކައުންސިލުކަމެއްގައި ވެއްޖެ އެކޮޅުމައްޗަށް ގޮސް. އަދި ނާދޭ. އޭނާއަށް ސިތާރާ މަޖާ ހަދާކަން އެނގިއްޖެއްޔާ ހުންނާނެ ފޯރިފަށެއް، އެހެއްނުވާނީ ލުހާއަކީ ކުޅިއެއްޗެހިކާން މަރުދޭ ދަރިއެއްވިއްޔާ” ޞާބިރާ ހަވާދުއެތި ސަމްސަލަކުން ހާވާލަމުން ބުނެލިއެވެ.

“ކީކޭ؟ މިހާރު އަހަންނޭ ކިޔައިގެން ސިތާރައްތަ ގާތު ކީކޭތިކިޔަނީ؟” ސިތާރާ އާއި ޞާބިރާއަށް ފަހަތަށް ބަލާލެވުނީ އެމީހުންނާ ދާދި ގާތުން ލުހާގެ އަޑުއިވުމުންނެވެ.

“މި ދަނީ މަޖާހަދަންށޭ މަންމަ ގާތު މިބުނީ. ހަދާފައި މިގެއަށް ފޮނުވާނަމޭ” ހިނިއައިސްފައި ހުރެ ސިތާރާ ބުނެލިއެވެ.

“އުހުނ! މިއަދަކު މަޖާކާކަށް ނުކެރޭނެ. މަންމަ ނުބުނޭތަ މިއަދުގެ ޚާއްޞަ ވާހަކައެއް. މިއަދު މަޖާކައިގެން ވާކަށް ނޯންނާނެ. ހަވީރަށް ބަނދަރުމައްޗަށް ދާންޖެހޭނެ” ނިކަން ޖޯޝާއެކު ލުހާ ބުނެލިއެވެ.

“ތެދެއް ޞާބިރައްތާ. މި ލުހާ މިދައްކަނީ ކޮންވާހައެއްތަ؟”

“އަހަރެންގެ ޔަލާ ރަށަށް އަންނަނީ… އެއްކޮށް މިކޮޅަށް ބަދަލުވަނީ…” އުފަލުން ހުރެ ޞާބިރާ ބުނެލިއެވެ.

“ހަމަތެދެއްތަ. އެކުއްޖާގެ ކިޔެވުން އެއްކޮށް ނިމުނީތަ؟ ހާދަ އުފާވެރި ޚަބަރެކޭތީ… އެކަމަކު ވަރަށް ދެރަވެއްޖެ. ޞާބިރައްތަ ކީއްވެތަ އަހަރެން ގާތު އެވާހަކަ ނުބުނީ. މަވެސް ދާނަން އެ ޔާލު ބަލާ…” ތުންހަދާލައިގެން ސިތާރާ ހުއްޓެވެ. އެވަގުތު އޭނާގެ ކޮނޑުގައި އެލިގަތީ ލުހާއެވެ.

“މަންމައަށް އުފަލުން ގޮސް މިއަދު ކުރެވޭކަމެއް ވެސް ނޭނގޭ. ދެން ކިހިނެއް މީހަކު ގާތު ވާހަކައެއް ބުނާނީ. މިހާރު ވެސް އެއުޅެނީ ކުޑަދޮން އަންނަންވާއިރަށް އޭނާއަށް މީރުވާނޭ ހުރިހާ އެއްޗަކުން ސުފުރާމަތި ފުރާލެވޭތޯ” ލުހާ މިހެންބުނުމާއެކު ސިތާރާ އާއި ޞާބިރާއާ ދެމީހުން އެއްފަހަރާ ހޭންފެށިއެވެ. އެމީހުންގެ މި އުފާވެރި ހުނުމުގައި ލުހާ ވެސް ބައިވެރިވިއެވެ.

ކިނާރީގެއަކީ މުހުސިން އާއި ޞާބިރާ ކައިވެނިކޮށްގެން ރަށުގައި ބިނާކުރި އެ ދެމަފިރިންގެ އަމިއްލަ ގަނޑުވަރެވެ. ހަތަރުކޮޓަރި އާއި އޭގެ ތެރެއިން ދެކޮޓަރިއަކު ފާޚާނާ ބެހެއްޓިއެވެ. އަދި ގޭގައި ތަފާތު ކާނާލިބޭ ގަސްތައް ހެއްދީ ވެސް އެ ދެމަފިރިންގެ ދެއަތުންނެވެ. ދެ މީހުންނަކީ ވެސް ގަސް އިންދުމަށް ލޯބިކުރާ ދެމީހުންނަށް ވީމައެވެ. އަދި ރަށުގައި އޭރުގައި އެންމެ ފޯރިދައްކާފައި މީހުންކޮށްއުޅޭ ކަމަކީ ވެސް އެއީއެވެ.

ފުރަތަމަ ދަރިފުޅު ރައްޔާއަށް ޞާބިރާ ބަލިވެއިނުމާއެކު ރޭގަނޑުގެ ވަގުތުތަކުގައި އެކަނި ބޭރަށް ނުކުމެ އުޅެންޖެހޭތީވެ ބަދިގެ އާއި ކާގެ މައިގެއާ ގުޅުވާލައި ހިޔާކުރީ ވެސް މުހިސިންގެ އަމިއްލަ މަސައްކަތުންނެވެ. މާބަނޑުއަންހެނުން ރޭގަނޑު އެކަނި ބޭރަށް ނުކުމެ ހަދާކަށް ނުވާނޭ ޞާބިރާގެ މަންމަގެ ދުނިޔޭގައި ބުނެފައި ވެސް އޮތުމުންނެވެ.

ގުރޫޕު ހަދައިގެން ރިސޯޓުގައި މަސައްކަތްކުރަން އުޅޭ މުހުސިންއަށް ޞާބިރާ ހަތަރު ކުދިން ވިހެއެވެ. އެންމެ ދޮށީ ރައްޔާއަށް ވާއިރު، ދެވަނައަށް ލިބުނީ ފިރިހެން ދަރިއެކެވެ. ނަމަވެސް ވިހޭއިރު ނޫކުލައަރާފައި އޮތް ތުއްތު ދަރިފުޅު ނޭވާލީތާ ގަޑިއެއްހާއިރު ތެރޭ ވިހޭގެތެރެއިން ދެން ނެރުނީ ދަރިފުޅުގެ ފުރާނަނެތް މަސްގަނޑެވެ. ވީގޮތެއް އެކަކަށް ވެސް ނޭނގެއެވެ. ރަށުގައި އޭރުގެ ސަރުކާރުން އަޅައިދީފައި ހުރި ބޮޑު ހޮސްޕިޓަލެއް ހުއްޓެވެ. ނަމަވެސް ދަރިފުޅަށް ވީގޮތެއް އެތަނުގައި ހުރި އަންހެނުންގެ ޑޮކްޓަރަށް ވެސް ނޭނގުނެވެ. ވަޅުލުމުގެ ކުރިން އެ ދަރިފުޅަށް ހާރޫންގެ ނަމުން މުހިސިނު ނަންދިނެވެ. އެއަށްފަހު ގިނަ ދުވަސްތަކެއް ނުވަނީސް އަނެއްކާ ވެސް ޞާބިރާ ބަލިވެ އިނެވެ. އަދި އަންހެން ދަރިފުޅު ޔަލާ ލިބުނެވެ. އެއަށްފަހު އަހަރު ނުވަނީސް ހަގު ދަރިފުޅު ލުހާއަށް ބަލިވެ އިނދެ ދުޅަހެޔޮކަންމަތީ މި ދުނިޔެއަށް އެ ދަރިފުޅު އުފަންކުރިއެވެ. ފިރިހެންދަރިއެއްގެ ނަސީބު ޞާބިރާއަށް ލިބިފައި ނުވިޔަސް އޭނާގެ ތިންދަރިންދެކެ އިންތިހާއަށް ލޯބިވެއެވެ.

ދުނިޔޭގައި ކޮންމެ އިންސާނަކު ވެސް ކުރަމުން މިދާ ދަތުރުގެ ނިމުން ވަކި ހިސާބަކުން އަންނާނެކަން ދަންނަންޖެހެއެވެ. މުހުސިނު އާއި ޞާބިރާގެ ދިރިއުޅުމަށް ހިޔާއަޅައިދެމުން ދިޔަ ވިލާތައް ގިނަވެ އަނދިރިކަން ފެތުރި ހީވެސް ނުކުރާވަރުގެ ތޫފާނަކާ ކުރިމަތި ކުރުވީ ހަގު ދަރިފުޅުގެ ތިން ވަނަ އުފަންދުވަހަށް ޗުއްޓީއެއް ނަގައިގެން މުހުސިނު ރަށަށް އައިސް ހުއްޓައެވެ. މެންދުރު ކާންވާއިރަށް ތެލުލާނޭ މަސްކޮޅެއް ހޯދަން އަތިރިމައްޗަށް ދިޔަ މީހާ މެންދުރު ނަމާދަށް ގޮވިއިރު ވެސް ނައެވެ. ޞާބިރާމެންނަކީ ކައިރީ އަވަށްޓެރިންނާ ގުޅޭ ހުލްޤުހެޔޮ ބަޔަކަށްވާތީ ގޭދޮށު މީހުން ވެސް ޞާބިރާގެ ޢާއިލާގެ ހާލުބަލާ ހަދައެވެ. އެގޮތުން މުހުސިނު ގެއަށް ނައުމުން ދޮށީދަރިފުޅު ރައްޔާއާ ކުޑަދެބެން ހަވާލުކޮށްފައި އަތިރިމައްޗަށް ދާން ހިނގައިގަނެފައި ވެސް އެނބުރި ދޮރޯށިން އެތެރެއަށް ވަނެވެ. އަދި ތިން ދަރިން ގޮވައިގެން އައިސް ޖެހިގެން ހުރި ރާމިޒާމެންގެއަށް ވަދެ އޭނާއާ ރައްޔާ އާއި ޔަލާ ހަވާލުކޮށްފައި މުހުސިނު ހޯދަން އަތިރިމައްޗަށް ދިޔައެވެ. އޭރު ރާމިޒާގެ ދޮށީ ދަރި ސިތާރާއާ ޞާބިރާގެ ރައްޔާއާ ދެމެދުގައި ހުރީ ހަތަރު އަހަރުގެ ތަފާތެވެ.

ލައިގެން ހުރި ދިގު ހެދުމުގެ ފަސްބައި އެއްއަތުން ހިއްލާލައިގެން އަނެއްއަތުން އުރުގައި އިން ލުހާ ހިފަހައްޓާލައިގެން ހަލުވިކޮށް އުތުރުފަރާތު އަތިރިއަށް ބޮޑުމަގުންލާފައި އައިސް ޞާބިރާ ފޭބިއެވެ. ބަނަކޮށް އޮތުމާއިއެކު މޫދަށް ވެސް އޮތީ ކިލަނބުކުލައެއް އަރާފައެވެ. މުޅި މާހައުލުގައިވަނީ ލޮނުގެ އަސަރުން ތެތްފިނިކަމެއް ހިފާފައެވެ. ބާރަ ތޭރަ އަހަރުގެ ދެތިން ފިރިހެން ކުއްޖަކު ދާހިފައިގެން މަސްހިފަން އެރި އުޅޭތަން ޞާބިރާއަށް ފެނުނެވެ. އަދި ހަމައެއާއެކު ރަކިހިނިހެމުން މޫދުން އަރައިގެން އަންނަ ނޫކަށިފުރައިގެ އަންހެންކުދިންގެ ބައިގަނޑެއް ވެސް ޞާބިރާ ކައިރިން އަޅާފައި ދިޔައެވެ. ޖެހެމުންދިޔަ ވައިރޯޅިތައް ބާރުވާން ފެށީ ވެސް ޞާބިރާ އަތިރިމަތީގައި އެއްދިމާއަށް ބަލާލާފައި އަނެއްދިމާއަކަށް ބަލަމުން ދަނިކޮށެވެ. އޭރު ވަރަށް ބޮޑަށް ހިތްނުތަނަވަސްވެއްޖެއެވެ. ދާއަޅަން އުޅުނުކުދިން ވެސް އެކަން ނުވެގެން އެއްގަމަށް އަރާތަން ފެނުނެވެ. އަތިރިމަތި އެއްކޮށް ފަޅުވީއެވެ. ދޮންވެލިގަނޑުމަތިން ކިރުކަކުންޏެއްހާ ހިސާބު ވެސް ދުވެލާތަން ނުފެނުނެވެ. ފޫހިވެގެންނާއި ފިނިބޮޑުވެގެން ދިގުހެދުމުގެ ބޯވަޅުގެ އެއްފަރާތުގައި ލުހާ ހިފާ ދަމަން ފެށިއިރު ޞާބިރާގެ ހިތާއި ސިކުނޑީގައި ބިރުވެރިކަމުގެ ޚިޔާލުތައް އުފެދެންފަށައިފިއެވެ. ކުސްތަޅާލި ލުހާ އުރުގައި ބައިންދައިގެން “އޫން، އޫން” ލައްވާލާފައި އަދިވެސް މުހުސިނު ވީ ހިސާބެއް ފެނޭތޯ ޞާބިރާ ހިނގައިގަތެވެ. ދުރުދުރުގައި އަޅަމުން ދިޔަ ފިޔަވަޅުތަކާއެކު އޭނާއަށް ދުވެވެނީކަން ވެސް ރެއަކާނުލައެވެ. އުރުގައި އިން ދަރިފުޅުގެ ގައިގާ ބާރަށް ހިފަހައްޓާލައިގެން އަނެއްއަތުން ހެދުން ކޮށިކޮށްލާފައި އަތިރިމަތީގައި ދެކޮޅަށް ޞާބިރާ ދުވުނެވެ. ފާލަންކޮޅާ ހަމައަށް ޞާބިރާއަށް ދެވުނީ ކިހިނެއްކަމެއް އޭނާއަކަށް ނޭނގެއެވެ. އޭރު ވާރޭގެ ބޮޑެތި ތިކިތައް ބިންގަނޑުގެ ހިރަފުސްކަން ކަނޑުވާލާ ފެންވަޅުގަނޑުތައް ހަދަންފަށައިފިއެވެ. އުރުގައި އިން ލުހާގެ ބާރު ރުއިމުގެ އަޑު ޞާބިރާއަށް ނީވޭކަހަލައެވެ. ދެލޯ މުދުނަށް އަރުވައިގެން ފާލަންމަތިން ދުވަމުން އައި ޞާބިރާ ހިފެހެއްޓީ ދޮށިހިފައިގެން ގެއާ ދިމާއަށް ދިޔަ ބުލްބުލާގޭ ކުޑަކަތީބުގެ ދަރި ހާޝިރުއެވެ. ހަމަހިފެހެއްޓުމާއެކު ބިރެއްފެނިފައި ހުރި މީހަކުހެން ޞާބިރާއަށް ރޮއެގަނެވިއްޖެއެވެ. ހާޝިރު ލައިގެން ހުރި ކޯޓު ބާލާ ކުޑަކުޑަ ލުހާގެ ބޮލާއެކު ޞާބިރާ ނިވާކޮށްލަމުން އޭނާ ގޮވައިގެން އައިސް ވަނީ ހާޝިރުގެ ގެއަށެވެ. އޭރު މެދުގޭ އުނދޯލީގައި މަޑިސީލަގަނޑު އުނގަށްލައިގެން ފޯއްވަޅިއެއް ހިފައިގެން ކުޑަކަތީބު ރަޝާދު އެއްފައިން އުނދޯލި ހެއްލަން އިނެވެ.

“ބައްޕާ! ނިކަން އަވަހަށް އާދެބަލަ” ގޭތެރެއަށް ވަން ހާޝިރު ހާސްވެފައި ހުރެ ނިކަން ބާރަށް ބުނެލިއެވެ. އެއާއެކު އުނދޯއްޔަށް މަޑިސީލަ އާއި ފޯއްވަޅި ދޫކޮށްލާފައި މުންޑުގަނޑު ރަނގަޅުކޮށްލަމުން ދަރިފުޅުގެ ގާތަށް ރަޝާދު ލެފިލިއެވެ.

“ތީ އައްޔާބޭ ގޯތި ކުއްޖެއްތަ” ރަޝާދު އައިސް ޞާބިރާގެ ގައިގާ ހިފަހައްޓާލަމުން އަހާލިއެވެ. އަދި ނިކަން ބާރަށް އޭނާގެ އަނބި ރުގިއްޔާއަށް ގޮވާލާފައި ތުވާޔެއް ހިފައިގެން އަންނަން ބުންޏެވެ. އޭރު ޞާބިރާގެ އުރުގައި އިން ލުހާގެ ރުއިމުގެ އަޑުން މުޅި ގޭގެ ބިތްތައް ގުޑައިގެން ދާހާވެއެވެ.

“ކާކުގެ ދަރިއެއްތަ ތިރޮއްވަނީ” ތުވާޔެއް އަތަށްލައިގެން ނުކުތް ރުގިއްޔާ ބުނެލި ގޮތުން ހީވީ ރަޝާދު ގަސްދުގައި ކުޑަކުއްޖަކު ރޮއްވަނީ ހެނެވެ. ނަމަވެސް މެދުގޭ ތެރޭ ތިބި ހާޝިރު އާއި ރަޝާދާއެކު ހުރި ޞާބިރާ ފެނުމުން ރުގިއްޔާގެ މޫނުމަތިން ހާސްކަންފެނިގެން ދިޔައެވެ. އަވަހަށް އައިސް ޞާބިރާގެ އުރުގައި އިން ލުހާ އުރާލުމާއެކު ޞާބިރާގެ އަތުގައި ހިފައިގެން އައިސް އުނދޯލީގައި ބެއިންދިއެވެ.

“ޞާބިރާ… އަނގައިން ބުނެބަލަ. ކިހިނެއްވެފައި ތިހުރީ… ކޮބާ މުހުސިނު. ކަނބުލޮ ގޮވައިގެން މިއޮއްވިއްސާރައިގައި މިހިސާބަށް އައިސްތިއުޅެނީ ކިހިނެއްވީ”

“އައްޔާބޭގެ ޞާބިރާ ދޯ މީ” ރުގިއްޔާގެ ވާހަކަ ހުރި ގޮތުން ރަޝާދަށް ޔަޤީންވެގެން އަހާލިއެވެ.

“މަންމާ. އަހަރެން ރަށުތެރެއަށް އަރައިގެން އަންނަނިކޮށް ކުޑަކުއްޖަކު ރޯއަޑުއިވިގެން ބަލާލިއިރު ފާލަންކޮޅުން ދައްތަ ދުވަމުން އަންނަނީ. ހިފެހެއްޓުމާއެކު ރޮއިގަނެއްޖެ. ދެން އެއްގޮތަކަށް ވެސް ވާހަކަދެއްކޭ ގޮތެއްނުވި. އަނެއްކޮޅުން އެހާ ބޯކޮށް ވާރޭވެހެނީ. އެހެންވެ އަވަހަށް ގޮވައިގެން ގެއަށް މިއައީ” ކަންތައްވީގޮތް ހާޝިރު އޮޅުންފިލުވައިދިނެވެ.

“މުހިސިނު… ދައިތެ… މުހިސިނު…” ރޮމުން ރޮމުން ޞާބިރާ ބުނެވޭތޯ އުޅުނެވެ. ރުގިއްޔާ ގެނައި ތުވާލި ޞާބިރާގެ ކޮނޑުގައި ވަށައިގެން އަޅުވާލުމާއެކު ރަޝާދު ސުވާލުކުރަންފެށިއެވެ. އެންމެންގެ މޫނުމަތިން ކަންބޮޑުވުން ފާޅުވަމުން ދިޔައެވެ. ގޭގައި އެވަގުތު ތިބި ބައެއްވެއްޖެއްޔާ އޭރު މެދުގޭ ތެރެއަށް ޖަމާވެއްޖެއެވެ. ރަޝާދުގެ ކޮއްކޮ ސަމީނާ ފެނުމުން އޭނާގެ އަތަށް ލުހާ ދީފައި އެކުއްޖާ ގޮވައިގެން އެތެރެއަށް ގޮސް ތެތްބާލާ ސަމީނާގެ ދަރިފުޅުގެ ހެދުމެއް ލެއްވުމަށް ރުގިއްޔާ ބުންޏެވެ. އަދި ޞާބިރާގެ ގާތުގައި އިށީނދެ އޭނާގެ ގައިގާ ފިރުމަމުން ސުވާލުކުރަން ފެށިއެވެ.

އެތައް ފަހަރެއްގެ މަތިން ވާހަކަދައްކަން އުޅެއުޅެ ވެސް ޞާބިރާއަށް އަނގަޔަކުން ނުބުނެވުނެވެ. ހިތާއި ނަފްސަށް ކޮށްފައިވާ އަސަރާއި ލިބިފައިވާ ޝޮކުން އޭނާއަށް ސަލާމަތެއް ނުވެވުނެވެ. މޫނުގައި ދެއަތް އެޅުމާއެކު ބާރަށް އޭނާއަށް ރޮވެމުންދިޔައެވެ. ސަމީނާގެ ސަތާރަ އަހަރުގެ އަންހެން ދަރިފުޅު އެ މީހުންގެ ގާތުގައި ހުއްޓާ ރުގިއްޔާ އޭނާއަށް އިޝާރާތެއް ކޮށްލުމާއެކު ފެންތަށްޓެއް ހިފައިގެން އައުމަށް ބުންޏެވެ. އެއާއެކު ބާރު ވައިރޯޅިއެއްހެން އެތެރެއަށް ވަދެގެން ދިޔަ މާޖިދާ ގިނައިރެއްނުވެ ދުވެފައި އެނބުރި އައީ ފެންފުޅިއަކާއި ބިއްލޫރިތަށްޓެއް ހިފައިގެންނެވެ. އޭނާ އައިސް އުނދޯލީގެ ކައިރީ މަޑުކޮށްލާފައި ގެނައި ބިއްލޫރި ތަށްޓަށް ފެންފުޅިން ފެންއަޅާލުމާއެކު އަވަހަށް ރުގިއްޔާގެ އަތަށް ދިއްކޮށްލިއެވެ.

“ޞާބިރާ… އަން! ފެންފޮދެއް ބޯލާ…” ޞާބިރާގެ ކޮނޑުން ފެށިގެން އުޅަންބޮއްޓާއި ހަމައަށް ފިރުމަން އިން ރުގިއްޔާ ފެންތަށި ދިއްކޮށްލައިގެން އިނދެ ބުނެލިއެވެ. ގިސްލެވިފައި އިން ޞާބިރާ ރުއިން ހުއްޓާލުމަށް މަސައްކަތް ކުރިއެވެ. އެތައް ފަހަރަކު ލޯ ފުހެމުންދިޔައެވެ. އަދި މަޑުމަޑުން ރުގިއްޔާ ދިއްކޮށްލައިގެން އިން ފެންތަށީގައި ހިފާލިއިރު އޭނާގެ އަތްތިލަ ވެސް ތުރުތުރުލަމުން ދިޔައެވެ. ނަފުސުގެ ހަމަޖެހުން ގެއްލި މީހާ ރޫޅިފައިވާ ކަހަލައެވެ.

“ކެތްތެރިވޭ ޞާބިރާ… ކެތްތެރިވެފައި ނިކަން މުހުސިނަށް ވީގޮތެއް ކިޔައިދީބަލަ” ރަޝާދު މަޑުމައިތިރިކަމާއި އޯގާތެރިކަން އެކުލެވޭ ރާގެއްގައި ބުނެލިއެވެ.

ދެއަތްތިލަ ފެންތަށީގެ ބޭރުގައި ވަށައިލައިގެން އެއަށް ބަލަހައްޓައިގެން އިނދެ ޞާބިރާ މަޑުމަޑުން ވާހަކަދައްކަން ފެށިއެވެ. މުހުސިނު މަސްކޮޅެއް ބޭނޭ ނުކުތް ގޮތަށް ގެއަށް ނާންނަ ވާހަކަ ޞާބިރާ ބުނުމުން މެދުގޭތެރޭގައި ތިބި އެންމެންހެން އެކަކު އަނެކަކަށް ބަލާލީ ހައިރާންކަމާއެކުއެވެ.

“ވެދާނެއެއްނު މީހަކާ ދިމާވީކަމަށް ވެސް… އޭނާގެ ފޯނަށް ގުޅިންތަ؟” ރަޝާދު ބޭނުންވީ އިހަށް ރަނގަޅު މިސްރާބެއްގައި ވިސްނުން ބެހެއްޓުމަށެވެ. ޞާބިރާގެ ހިތްވަރު އެލިދާނޭ ފަދަ ވާހަކައެއް އިހަށް ނުދެއްކުމަށެވެ.

“ހާދަ ވަރަކަށް ގުޅައިފީމޭ… މި ފޯނު ބަލާބަލަ… އަހަރެންގެ މުހުސިނު ފޯނު ނުނަގައެއް ނުހުންނާނެ… ރިންގު ވެސް ވޭ އެކަމަކު ފޯނަށް ޖަވާބެއް ނުދޭ… އޭނާއަށް ކޮންމެވެސް ކަމެއްވެއްޖެ…” ދިގު ހެދުމުގެ ކަނާތު އަރިމަތީ ޖީބުން ނެގި ކުޑަ ނޮކިއާ ފޯނު ރަޝާދަށް ދިއްކޮށްލައިގެން ޞާބިރާ އިނެވެ. އޭރު އެ ދެލޮލުން ފާޅުވަމުން ދިޔަ އާދޭހުގެ އަސަރުތަކުން އޭނާގެ ވާހަކަތައް ޤަބޫލުކުރާށޭ ގޮވަމުން ދާ ކަހަލައެވެ.

ވިސްނުމުގެ ތެރެއަށް ގެއްލިފައި ރަޝާދު ހުއްޓާ ރުގިއްޔާ އޭނާއަށް ގޮވާލިއެވެ. އަދި އޮފީހަށް އަންގައިގެން މުހުސިނުގެ ޚަބަރެއްވޭތޯ އަވަސްކުރުމަށް އޭނާ އެންގިއެވެ. އެއާއެކު ރަޝާދު ވެސް އިތުރަށް ވިސްނުމުގެ ބަދަލުގައި ޢަމަލީ ސިފައެއް ގެނައުމަށްޓަކައި މަސައްކަތް ފެށިއެވެ. ބޯކޮށް ވެހެމުންދިޔަ ވާރޭގަނޑުގައި ރަޝާދާއި ހާޝިރާ ދެބަފައިން ގަޔަށް ކޯޓުމަހާލައިގެން އެކުގައި ގެއިން ނުކުމެ ރަށުއޮފީހާ ދިމާއަށް ހިނގައިގަތެވެ. ޖެހެމުންދިޔަ ބާރު ވައިރޯޅުތައް ހީވަނީ އެ ދެބަފައިންގެ މަޤުޞަދަށް ވާޞިލުވެދާނޭތީ އެކަމަށް ހުރަސް އަޅަން މަސައްކަތްކުރާހެންނެވެ. ކުރިއަށް ފިޔަވަޅެއް ފަހަތަށް ފިޔަވަޅެއް އަޅަމުން އެ ދެބަފައިންނަށް އޮފީހަށް އައިސް ވަދެވުނެވެ. އޭރު ރަސްމީ ގަޑި ނިމުމަކާ ގާތްވެފައި ވާތީ އޮފީހުގައި ތިބި ދެތިން މުވައްޒަފުން ވާރޭގަނޑުގެ ތެރޭ ގެއަށްދާނޭ ގޮތަކާމެދު މަޝްވަރާ ކުރަމުން ދިޔައެވެ. ކުއްލިއަކަށް އޮފީހަށް ވަން ކުޑަކަތީބު ފެނިފައި މުވައްޒަފުންގެ ސަމާލުކަން އޭނާއަށް ހުއްޓުނެވެ. އެކަކަށް އެކައްޗެއް ވެސް ނުބުނެވިގެން އުޅެނިކޮށް ރަޝާދު އެތަނަށް އައި ބޭނުން އެންމެ އިސް ސެކެޓްރީ ގާތުގައި ބުނެފިއެވެ. ވީހާ ވެސް އަވަހަކަށް ރަށުތެރެއަށް މުހިސުނު ގެއްލިގެން އުޅޭކަމުގެ ޚަބަރު ފެތުރުމަށާއި އާންމު ރައްޔިތުންގެ އެހީތެރިކަން މިވަގުތަށް ބޭނުންވާކަން އެންގުމަށް ރަޝާދު އިރުޝާދު ދިނެވެ. އޭނާގެ ވާހަކަތަކުން އޮފީހުގައި ދެން ތިބި މުވައްޒަފުން ވެސް ހާސްވެގެން ސުވާލުކުރަން ފެށިއެވެ.

“ކޮބާ ދޮށްޓަށް ތިބި ކުދިން… އެ ކުދިން ކޮންތާކަށް ލާފައި ތިއުޅެނީ” ކަންބޮޑުވެފައި އިން ރުގިއްޔާ އަހާލިއެވެ.

“ރާމިޒާ ގާތު ބަހައްޓާފައި މިއައީ… މިއަދު މުހުސިނު ރަށަށް އައީ ވެސް ލުހާގެ އުފަންދުވަސްވީމަ… ހަވީރު ހުރިހާކުދިންގެ މެދުގައި އެކަން ފާހަގަކުރަން މުހުސިނު ބޭނުންވެގެން…” ޚިޔާލީ ދުނިޔެއަކަށް ގެއްލިފައި އިންހެން އެއްދިމާއަކަށް ނަޒަރުހުއްޓާލައިގެން އިނދެ ޞާބިރާ ވާހަކަދެއްކިއެވެ.

ކޮންމެ ފުރާނައެއް ވެސް ވަގުތު ޖެހުމުން ގެންދަވާނެކަން އެއީ ޔަޤީންވެގެންވާ ކަމެކެވެ. ޞާބިރާގެ ޚިޔާލާއި އޭނާގެ ވިސްނުން އެކަމާ ދެކޮޅެއް ނަހަދައެވެ. އެކަމަކު އޭނާގެ ދިރިއުޅުމާއި ތަޤުދީރު ކުރީ ވަރަށް ވެސް ހިތި ސަމާސާއެކެވެ. ހީވެސް ނުކޮށް ހުއްޓާ ހަޔާތުގެ ބައިވެރިޔާއާ ވަކިވެ އެކަނިވެރިވެގެން ދިޔައީ ތުއްތު ތިންކުދިން އުނގަށް ލައިދީފައެވެ. އެކުދިންގެ މުސްތަޤުބަލާމެދު އެތައްއެތައް ހުވަފެންތަކެއް ޞާބިރާ ދުށީ މުހުސިނުގެ ދެ ލޮލުންނެވެ. ނަމަވެސް މުހުސިނާ ވަކިވުމުން އޭނާގެ ދެ ލޮލަށް ދައިމީ އަނދިރިކަމެއް އަތުވެއްޖެ ކަހަލައެވެ. ބޯވާރޭގައި އެ ބޮޑުރަށުގެ އެކި އަވަށްތަކުން މީހުން ނުކުމެ ބަލާ ހޯދާ ހޯދާ ވެސް މުހުސިނުގެ ނިޝާނެއް ނުފެނުނެވެ. ހަވީރު ހަތަރެއްޖަހަންވިއިރު އިހު ގުޅެމުން އައި މުހުސިނުގެ ފޯނު ވެސް ނިވިއްޖެއެވެ. ރަށުތެރޭގައި ކަންބޮޑުވުން އުފެދި ފާޑުފާޑުގެ ވާހަކަތައް ދެކެވެމުންދިޔައެވެ. އިރުއޮއްސި އަނދިރިވެގެން އަންނަން ފެށުމުން މުހުސިނު ހޯދަން ނުކުމެ އުޅުނު ބައިގަނޑުތައް އެނބުރި ގޭދޮށަށް އަންނަން ފެށިއެވެ. އިޝާ ނަމާދަށްފަހު އަލުން އެނބުރި ހޯދުމުގެ މަސައްކަތައް ރުޖޫޢަވުމަށް ގަސްދުކޮށެވެ.

މީގެ ކުރިން ދުވަހަކު ވެސް އެ ރަށުން މީހަކު ގެއްލިފައެއްނުވެއެވެ. އެހެންނަމަވެސް އެ ރަށުގައި ދާދި ފަހުން ވަނީ ވަރަށް ބޮޑު ކަންތައްގަނޑެއް ހިނގާފައެވެ. ގިނަ މީހުންގެ ވިސްނުމުގައި މުހުސިނު ގެއްލުނީ ކޮންމެވެސް ރޫހާނީ ބާރެއްގެ ސަބަބުންނެވެ. އެހެންވެ މުހުސިނު ވީތަނެއް ހޯދުމަށް ރަށުގައި ހުރި އެންމެ ކުޅަދާނަ ފަންޑިތަވެރިޔާ ގާތަށް ދިއުމަށް އެ މީހުން ޚިޔާލު ފާޅުކުރިއެވެ. ނަމަވެސް އެ ޚިޔާލަށް ރަޝާދު ތާއީދެއް ނުކުރިއެވެ.

މުހުސިނު ގެއްލުނު ފަހުން ފުރިހަމަ ތިންއަހަރު ފާއިތުވެ ދިޔައިރު ވެސް ޞާބިރާގެ ނަފްސަށް ލިބިފައިވާ ހުސްކަމެއް ނުފިލިއެވެ. އެހެންނަމަވެސް އޭނާ ދިރިއުޅުމައިގެން ކުރިއަށް ދިޔައެވެ. މުހުސިނު އުޑަށް އެރީކަމެއް ބިންފަޅާ އަޑިއަށް ދިޔައީކަމެއް ވެސް ދެނެވޮޑިގެންވަނީ ހުރިހާ ކަމެއް އެންމެ މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ. ތިން ދަރިންނަށްޓަކައި ސާބިތުކަމާއި ހިތްވަރުގެ ކަމަރު ޞާބިރާ ބަނދެލިއެވެ. އެ ކުދިން ރަނގަޅު ތަޢުލީމީ މީހުންނަށް ހެދުމަށްޓަކައެވެ. ރަށަށް އަންނަމުން ދިޔަ ތަރައްޤީގެ ދުވެލީގައި ފައިހަމަ ކުރުމަށްޓަކައި ބުރަ މަސައްކަތްތަކެއް ޞާބިރާއަށް ކުރަން ޖެހުނެވެ. މުހުސިނާއެކު ގޭތެރޭގައި ހައްދަން ފެށި ގަސްތަކުން ލިބުނު ފައިދާ ބޮޑެވެ. އެއާއެކު ޞާބިރާއަކީ އެއްއިރެއްގައި މާލެ އައިސް މައުޖަހާ ކޯސް ހަދަފައި ހުރި މީހަކަށްވާތީ ފެހުމުގެ މަސައްކަތް ވެސް ފެށިއެވެ. އޭރަކީ ރަށުގައި އެފަދަ މަސައްކަތް އާންމު ދުވަސްވަރެއްނޫނެވެ. އެހެންވެ ތުއްތު ކުދިންގެ ބާލީސް އުރަ ފެހުމާއި ބެޑުޝީޓު ސެޓު ފަހައިދީގެންނާއި ހެދުން ފަހައިދީގެން ރަނގަޅު އާމްދަނީއެއް ޞާބިރާއަށް ލިބެންފެށިއެވެ. އެންމެ ހިނދުކޮޅަކަށް ވެސް ވާޅަކަށް ވެސް ދެމިނުލާ އޭނާގެ ހުރިހާ ވަގުތެއް ދަރިންނަށްޓަކައި ޤުރުބާންކުރިއެވެ. އެކުދިންނަށް ބަފައެއްގެ އަޅާލުމާއި ލޯބި ނުދެވުނުކަމުގައި ވިޔަސް އެއްވެސް ކަމަކަށް ދަތިވިޔަކަ ނުދެއެވެ. ދަރިން ބޮޑުވަމުން އައި އިރު އެ ކުދިންނަށް ވެސް އެ ކުދިންގެ ބައްޕައަށް ވީގޮތެއް ނޭނގި ގެއްލުނީކަން އޮތީ އެނގިފައެވެ. އަދި ޞާބިރާ އިތުރު ކައިވެންޏެއް ކުރަން ބޭނުންނުވަނީ ވެސް ދަރިންނަށް ނިކަމެތިކަމެއް ލިބިދާނެތީކަން ވެސް އެ ކުދިންނަށް އެނގެއެވެ.

* * * *

ގުރިންޑަރު ނިއްވާލާފައި ފުނޑި ހަވާދުތައް ބޯތަށްޓަކަށް އަޅާލިއެވެ. އަދި ހަވާދުފުނޑި ތަށި ހިފައިގެން ސިންކުގެ ކައިރިއަށް ލެފިލައި އެ ދޮވެފައި ތަށި ބަހައްޓާ އެތީގައި ބަންޑުން ބޭއްވިއެވެ. އަތްމަތި އަވަސްކޮށްލާފައި ބަދިގެތެރޭގައި ޞާބިރާ އުޅޭއިރު ދޭތެރެއަކުން އޭނާގެ އަތުކުރީ އޮތް ރިހިތަނޑުގަނޑެއް ކަހަލަ ގަޑިއަށް އަވަސް ނަޒަރެއް ދެއެވެ. ހަވީރު ހަތަރެއް ޖަހަންވާއިރު ޔަލާ އަންނަ ފެރީ ތޮށިގަނޑާ ގާތް ކުރާނެއެވެ. އެ ކުއްޖާ އަންނަންވާއިރަށް ހަވީރުގެ ސަޔާއި ރޭގަނޑުގެ ކެއުން އެންމެ ފުރިހަމައަށް ތައްޔާރު ކުރަން ޞާބިރާ ކޮންމެހެން ވެސް ބޭނުންވެއެވެ. ނޭވާ ހައްޓަށް ނުފެތިގެން އުޅޭ މީހަކުހެން ބަދިގެތެރޭ އެކަނިމާ އެކަނި ހަރަކާތްތެރިވަމުން ދިޔައެވެ.

“މަންމާ! މަންމާ!…”

“އޯއި! ބަދިގޭގައޭ… އާދެބަލަ…” ޞާބިރާއަށް އިވުނީ އޭނާގެ ދޮށީ ދަރިފުޅު ރައްޔާގެ އަޑެވެ.

“ސޮރީ މަންމާ… ވަރަށް ކުރިން އަންނަން އުޅެފިން، ފަތިހު ހޭލާއުޅެފައި ހަގަޑި ބައިވަނިކޮށް އަމަން ނިދީ، އެހެންވެ ގަދަކަމުން އެ ސޮރު ނަގައިގެން އަންނަން ނުކެރުނީ، އަދި އެންމެ ފަހު ވަގުތު ޕުއްޕު ވެސް ލައިފި” ބަދިގޭ ދޮރުމަތީ ހުރެފައި ރައްޔާ ބުނެލިއެވެ.

“ރަނގަޅުވާނެ، ކޮބާ މިހާރު އެ ކުއްޖާ؟ ނަވާޛު ނާދޭތަ؟” މަސައްކަތް ހުއްޓާލުމެއްނެތި ޞާބިރާ ވާހަކަދެއްކިއެވެ.

“އަމަން ގޮވައިގެން އެބައިން ސިޓިންރޫމުގައި… ލުހާ ކޮއްކޮ ވެސް ތައްޔާރުވެގެން ހުރީ، މަންމަ ހަމަ ނުދާނަންތަ؟” ޞާބިރާގެ ޚިޔާލު ބަދަލުވޭތޯ ރައްޔާ އަހާލިއެވެ.

“ދަރިފުޅުމެން ދޭ، ތި ކުދިން އަންނަންވާއިރަށް ގޭތެރޭގެ ހުރިހާ ކަމެއް މަންމަ ބަހައްޓާނަން ތައްޔާރުކޮށްފައި… ކޮންމެވެސް ކޮންމެވެސް ނަވާޛު ކައިރީ ބުނާތި މަޑުމަޑުން ކާރުދުއްވައްޗޭ… މަގުތަކުގައި ތާރު އެޅިފަހުން އެކްސިޑެންޓެއް ނުހިނގާ ދުވަހެއް ނުދޭ” ޞާބިރާ ކަންބޮޑުވުން ފާޅުކުރިއެވެ.

“ނަވާޛު އެހާ ބާރަކަށް ނުދުއްވާނެ… މަންމަ އެހީއެއް ބޭނުންތަ؟ އަދިވެސް ހާދަ ސާމާނެކޭ ހަދަން ތިހިރީ، އަހަރެން މަސްކޮޅު ތެލުލާދެންތަ؟” ރައްޔާ ބަދިގެއަށް ވަންނަން އުޅުނެވެ. އެވަގުތު އެކަން އަތުން ހަނާއަޅާލަމުން ޞާބިރާ މަނާކުރިއެވެ.

“ޔާލް ބަލާ ދާންވާއިރަށް މުޅި ގައިގާ ވަސްހިފާފާނެ، މަންމައަށް ވާނެއޭ މިކަން… ދެން ދޭ އެފަރާތަށް… ރައްޔާ! އަދި ހަނދާންނެތުނީއޭ… ސިތާރާ މިއަދު އައި، ޔާލް އަންނަކަން އެނގިގެން ބުނި ތިކުދިންނާއެކު އޭނާ ވެސް ދާނަމޭ، ދޭބަލަ އޭނާގެ ޚަބަރެއް ބަލާލަން… ސިތާރާ ދަންޏާ އެނާ ވެސް ގޮވައިގެން ދައްޗޭ”

ރައްޔާ އެނބުރި ގޭތެރެއަށް ހިނގައިގަތެވެ. އޭނާ އާއި ނަވާޛުގެ ކައިވެންޏަށް ތިންއަހަރުވާން އުޅޭއިރު ހަމަހުގެ އަމަންވަނީ ލިބިފައެވެ. ނަވާޛަކީ ރަށުގައި ތިބި ފައިސާވެރި ޢާއިލާތަކުގެ ތެރެއިން ނަގާލެވޭ ޢާއިލާއެއްގައި ތިބި ހަތަރު ކުދިންގެ ތެރެއިން ދޮށްޓަށް ދެވަނައަށް ހުރި ކުއްޖާއެވެ. ދެ ޢާއިލާގެ ރުހުމާއެކު ކުރެވުނު ލޯބީގެ ކައިވެންޏެކެވެ. ރައްޔާއަކީ އެންމެ ދޮށީ ކުއްޖާއަށް ވާއިރު ޢާއިލާގެ ދެންތިބި ކުދިން ބެލުމުގައި ޞާބިރާއަށް އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެވުނީ އޭނާއަށެވެ. އަދި ޢާއިލާގެ ހާލަތާއި މަންމަގެ ހާލު އެންމެ ރަނގަޅަށް އެނގެނީ އޭނާއަށެވެ.

މެންދުރުފަހު ތިންގަޑި ބައިކަން ހާއިރު ނަވާޛުގެ ކާރުގައި ރައްޔާއާއި ލުހާގެ އިތުރުން ސިތާރާ ދަތުރުފެށީ ރަށަށް ބޯޓުތައް ލަފާ ދިމާއަށެވެ. އެ މީހުންގެ ކާރު އައިސް މަޑުކޮށްލީ ތޮށިގަނޑާ ދިމާ ކުރިމަތިވާގޮތަށް ދުރުގައެވެ.

“އިހަށް މަޑުކުރަންވީނު، ފެރީ ނެރުން ވަނީމާ ފެންނާނެ… މިހާ ހޫނުގައި އަވިގަނޑުގައި ތިބެންޖެހޭނީ” ރައްޔާ ކާރުން ފައިބަން އުޅެން ފެށުމުން ނަވާޛު ބުނެލިއެވެ.

އިންތިޒާރުގެ ނިމުން ދިގެއްނުވިއެވެ. ފަނަރަވަރަކަށް މިނެޓުގެ ތެރޭގައި ނެރާ ދިމާއަށް އަންނަ ފެރީ ރައްޔާމެންނަށް ފެނުނެވެ. އެންމެންގެ މޫނުމަތިން ހިނިތުންވުން ފާޅުވެގެންދިޔައެވެ. އިތުރަށް އެންމެ ސުކުންތެއް ވެސް ކާރުގައި މަޑެއް ނުކުރެވުނެވެ. އެންމެންނަށްވުރެ ކުރިން ލުހާ ކާރުން ފޭބިއެވެ. އޭނާގެ ފަހަތުން ސިތާރާ ފޭބިއެވެ. ރައްޔާ ވެސް އަމަން އުރާލައިގެން ކާރުން ފޭބިއެވެ. ނަވާޛުއަށް ޔަލާއަކީ ކާކުކަން އެނގުނެއްކަމަކު ލުހާއާ އޮންނަ ފަދަ ގާތްކަމެއް ނޯވެއެވެ. އެހެންދިމާވީ ކިޔެވުމުގެ ގިނަ ދުވަސްތައް ޔަލާ ހޭދަކޮށްފައިވަނީ މާލޭގައާއި ރާއްޖޭން ބޭރުގައި ކަމަށްވާތީއެވެ. ރައްޔާއާއި ނަވާޛުގެ ކައިވެންޏަށް ވެސް ޔަލާއަށް އާދެވޭގޮތެއް ނުވިއެވެ. ކާރުގެ ދޮރުފަތުގައި ލެނގިލައިގެން ނަވާޛު ހުއްޓެވެ. ދެންތިބި މީހުން ފެރީ އައިސް ތޮށިގަނޑާ ކައިރިކުރަންވާއިރަށް އެތަނަށް ދިޔައެވެ.

ފެރީން ފައިބަމުން ދިޔަ މީހުންތައް ހަމައަކަށް އެޅިލުމާއެކު ރައްޔާމެންނަށް ޔަލާ ފެނުނެވެ. ޢާއިލާމެންބަރުންގެ ދޮންކަން ލިބިފައިވާއިރު ޔަލާގެ ދިގު އިސްތަށިގަނޑު އޮތީ ގަތާލާފައި ވައަތްފަރާތުން ކުރިމައްޗަށް ގެނެސްވައްޓާލާފައެވެ. އެ ތުނިތުނި ތުންފަތުގައި މަޑު ރަތްކުލައެއް ޖައްސާލާފައި ހުއްޓެވެ. މޫނުމަތިން ތާޒާކަން ފާޅުވޭވޭހުއްޓެވެ. ގަދަ ނޫކުލައިގެ ޖިންސާއި އަތްދިގު ރަތްކުލައިގެ ޓޮޕުގައި ޔަލާ ފެންނަނީ ނުހަނު ހިތްގައިމުކޮށެވެ. ހިނިތުންވެލައިގެން ހުރެ ތޮށިގަނޑުމަތިން ފެންނަން ތިބި ޢާއިލާގެ މެންބަރުންނަށް ޔަލާ އަތްހޫރަންފެށިއެވެ.

އަވަސްއަރުވާލާފައި މީހުންގަނޑުގެތެރެއިން ފެރީން ފަބައިގެން އައި ޔަލާގެ ގައިގާ އެންމެ ފުރަތަމަ ވެސް އޮޅުލައިގަތީ ލުހާއެވެ. ދެބެން އުފާވެފައި ތިބިވަރުން ހަޅޭލެވޭކަން ވެސް ނޭނގެއެވެ. އޭރު އެތަނަށް އެއްވެފައި ތިބި މީހުން ވެސް އެ ކުދިންނަށް ބަލަންފަށައިފިއެވެ. ރައްޔާ އައިސް އެއްއަތުން ލުހާ ދުރަށް ޖައްސާލުމާއެކު ޔަލާ ގެނެސް ގާތްކޮށްލިއެވެ.

“އައި މިސްޑް ޔޫ ދޮންތާ… އަމަން ހާދަ ބޮޑުވެއްޖެޔޭ… ފުއްގަނޑު ލޯބިކަން…” ރައްޔާގެ ގައިގާ ބައްދާލައިގެން ހުރެފައި އަމަން އުރާލަން ޔަލާ ބޭނުންވިއެވެ. އޭނާ އެކުއްޖާ އުރާލައިގެން ކޮލުގައި ބޮސްދީދީފައި އުޅުނެވެ. އެހެން އުޅެނިކޮށް ސިތާރާ އައިސް ޔަލާގެ ކުރިމަތީ ހުއްޓިލީ އުނަގަނޑުގެ ދެފަރާތުން ދެ އަތް ވިއްދާލައިގެން ހުރެއެވެ. އެހިނދު ރައްޔާއަށް ބަލާލާފައި ޔާލާގެ އަތުގައި އިން އަމަން އޭނާއަށް ދިއްކޮށްލިއެވެ.

“ހަނދާނެއް ވެސް ނެތް ދޯ… އެނގޭ ނުހުންނާނެކަން…” ސިތާރާ ތުން ހަދާލަމުން ބުނެލިއެވެ.

“ސިތާރައްތާ… ކިހިނެއް ހަނދާންނެތޭނީ… މުރާކި ބިންނަންށާ ޖޭމު ބިންނަން ދާން ހަނދާން އެއީ އެންމެ އުފާވެރި ހަނދާންތައް.. ހެ ހެ ހެ ހެ….” ޔަލާ ނިކަން ބާރަށް ހޭންފެށިއެވެ. އަދި ސިތާރާގެ ގައިގާ ބައްދާލިއެވެ. އަވަށްޓެރިއެއްކަމަކު ސިތާރާ ބޮޑުވީ ޞާބިރާގެ ތިން އަންހެންދަރިންނާއެކުއެވެ. އެހެންވެ އެ ހަތަރު ކުދިންގެ މެދުގައި އޮންނަނީ އެއްބަނޑުއެއްބަފާ ކުދިންގެ މެދުގައި އޮންނަހާ ގާތް ގުޅުމެކެވެ.

“ފޮށިތައް އެއޮތް ބާލަނީ… ޔާލް…” ޔަލާގެ ކޮނޑުގައި ހިފާ ތަޅުވާލަމުން ލުހާ ބުނެލިއެވެ. އެހިނދު ކޮނޑުން ސޮއްސާލި އަތްދަބަސް ރަނގަޅުކޮށްލަމުން ލުހާ ގޮވައިގެން ޔަލާ ހިނގައިގަތީ އޭނާގެ ފޮށި ހޯދުމަށެވެ.

“ޔާލް… މީ ނަވާޛުބެ… ދޮންތަގެ ހަޒް…” ކާރާ ހަމައަށް އައިސްފައި ރައްޔާ އޭނާގެ ފިރިމީހާ ތަޢާރުފުކޮށްދިނެވެ. މީގެ ކުރިން ބައްދަލުވުމުގެ ފުރުޞަތު ލިބިފައި ނުވާތީ އެ ދެމެދުގައި ބީރައްޓެހިކަމެއް ހުއްޓެވެ. އެހެންނަމަވެސް އެ ބީރައްޓެހިކަން ކުޑަވެގެން ދިޔައީ ޔަލާ އަމިއްލައަށް ނަވާޛުގެ އަތުގައި ހިފާފައި ސަލާމްކޮށްލުމުންނެވެ.

“ދޮންތަގެ ބެސްޓު ހަބީ… ފައިނަލީ މީޓުވެއްޖެ…” ޔަލާ މިހެންބުނެ ނަވާޛަށާއި ރައްޔާއަށް ބަލާލާފައި ހީނލިއެވެ. އެއާއެކު ނަވާޛު ވެސް ހިނިތުންވެލިއެވެ. އެންމެންގެ ފަރާތުން އޭނާއަށް ވެސް އެނގިފައި އޮތީ ޔަލާއަކީ ވަރަށް ހިތްހެޔޮ ކުއްޖެއްކަމެވެ.

ކާރަށް ފޮށި އެރުވުމާއެކު އެންމެން ހެން ކާރަށް އަރައިފިއެވެ. ޔަލާ ވެސް ކާރުގެ ތެރެއަށް ވަނުމަށް އުޅުނު ވަގުތު މޫނުމަތީގައި ފެންތިކިތަކެއް ޖެހިގެން ބޭއިޚްތިޔާރުގައި އެ ދިމާއަށް މޫނު އަނބުރާލެވުނެވެ. އޭރު ކައިރިން އަޅާފައި ދިޔަ ސައިކަލު ފަހަތުގައި ސާފްބޯޑެއް ހިފައިގެން އިން ޒުވާނަކު ފެނުނެވެ. ސާފުބޯޑުގައި ހިފަހައްޓާލާފައި އޮތް އަތުގައި ޓީޝާޓު އައްސާލާފައި އޮތެވެ. ސޯޓުބުރީގައި އިންއިރު އޭނާގެ ހަށިގަނޑުން ފެނުގެ އަސަރު ފާޅުވަމުން ދިޔައެވެ. އޭގެ އިތުރުން އޭނާ ސައިކަލުމަތީ އިނދެ ބޮލުން ފެން ފޮޅަމުން ދިޔައެވެ. ޔަލާ މޫނުގައި އަތްހާކާލާފައި ފެންތައް ފުހެލަމުން ކާރަށް އަރާ އިށީނެވެ.

“މަންމަ ނައީ އަނެއްކާ ސަޕްރައިޒެއް އޮތީތަ ގޭގައި؟” ކާރުގައި ހަމަޖެހިލާފައި ޔަލާ ބުނެލިއެވެ.

“އުހޫނ! އެއީ ދެން… ކާރަށް ކިހިނެއް އެންމެން އަރާނީ… އެހެންވެ މަންމަ ގޭގައި މަޑުކުރީ…” ޔަލާއަކީ ވިސްނުންތޫނު ކުއްޖެއްކަން އެނގޭއިރު ވެސް އޭނާއަށް އޮޅުވާލަން ލުހާ މަސައްކަތްކުރިއެވެ. ލުހާގެ ވާހަކައަށް ބާރުދިނުމުގެ ގޮތުން ރައްޔާއާއި ސިތާރާ ވެސް ވާހަކަދެއްކިއެވެ.

“މައި ގޯޑް… ރަށަށް ހާދަ ބޮޑު ތަރައްޤީއެކޭ ދޯ އައިސްފައި މިވަނީ… މަގުތަކުގައި އަރާމުކަމާއެކު ދުއްވާލެވޭ ދޯ މިހާރު. އަޑުއެހިން އެއަރޕޯޓެއް ވެސް ރަށުގައި އަޅަނިއްޔޯ” ކާރުގެ ދޮރުގެ ބިއްލޫރިގަނޑުން ރަށުގެ މަގުތަކަށް ބަލަމުން ޔަލާ ވާހަކަދެއްކިއެވެ.

“އަޅަނިއްޔޯއެއްނޫން… މިހާރު އަޅައިފި… މި މަހު ހުޅުވާނެކަމަށްވަނީ ދޯ ނަވާޛު” ކުރީ ސީޓުގައި ނަވާޛުގެ ކައިރީ އިން ރައްޔާ ވާހަކަދެއްކިއެވެ. އޭނާގެ ވާހަކައަށް ނަވާޛު ބޯޖަހާލަމުން ހޫން ލައްވާލިއެވެ.

“އެހެންތަ! ވަރަށް ބޮޑު ފަސޭހައަކަށް ވާނެ އެއަރޕޯޓެއް ހުރުން” ޔަލާ މިހެންބުނެ ހިނިތުންވެލައިގެން އިނދެ ރަށުތެރެއަށް ބަލަމުން ދިޔައެވެ.

ކާރު އައިސް ކިނާރީގޭގެ ފެހިކުލައިގެ ދޮރޯށި ކުރިމަތީ މަޑުކޮށްލުމާއެކު ހުރިހާ އެންމެން ކާރުން ފޭބިއެވެ. ޔަލާ ދޮރުމަތީ މަޑުކޮށްލުމާއެކު ވަށައިގެން ބަލާލިއެވެ. އަދި އޭނާގެ ގެއަށް އައިސްފައި ހުރި ބަދަލު ގޭގެ ބޭރުން ވެސް އޭނާއަށް ފާހަގަކުރެވުނެވެ. ތިރީތުންފަތުގައި ދަތްއަޅާލަމުން ހިނިތުންވެލީ އޭނާގެ ސިކުނޑީގައި ތާޒާވެލި ޅައިރުގެ ހަނދާންތަކުންނެވެ. ގެއާ އިންވެގެން ހުރި ސިތާރާމެންގެއަށް ޔަލާ ބަލާލިއެވެ.

“އެތެރެއަށް ނުވަދެ ތިހިރީ ކިހިނެއްވެފައި، މަންމަ މިހާރު ހުންނާނީ ކެތްމަދުވެފައި ޔާލް ދުށުމަށް” ލުހާ އައިސް ޔަލާގެ އަތުގައި ހިފާލަމުން ބުނެލިއެވެ.

ސިޓިންރޫމުގައި ފޯނު އަތަށްލައިގެން ހާސްވެފައި އިން ކަހަލަ ގޮތަކަށް ޞާބިރާއިނެވެ. އެހެންނަމަވެސް ދޮރޯށި ހުޅުވާލި އަޑާއެކު ހުރިހާ ކުދިންގެ އަޑު އިވިގެން ދިއުމުން ވަގުތުން ސޯފާއިން ތެދުވިއެވެ. ހިތްއަވަސްވެފައި ހުރެ ނިކަން ބޮޑަށް ހިނިތުންވެލިއެވެ. ކުރިއަށް ފިޔަވަޅެއް އަޅާލަން އުޅެނިކޮށް ސިޓިންރޫމު ދޮރުމަތިން ލުހާއާއި ޔަލާއާ ދެބެން ޞާބިރާއަށް ފެނިއްޖެއެވެ. ޔަލާ ފެނުމުން އެ ދަރިފުޅަށް އައިސްފައިވާ ބަދަލާއެކު ޞާބިރާއަށް އަނގަމަތީ ކަނާތުއަތްތިލަ ޖައްސާލެވުނެވެ. ޔަލާއަކީ މިހާރު ފުރިހަމަ ޒުވާނެކެވެ. އެ ދަރިފުޅުގެ ސޫރާ ކިތަންމެ ފަހަރަކު ކޮމްޕިއުޓަރުގެ އިސްކުރީނުން ޞާބިރާ ދުށްޓެވެ. އެހެންނަމަވެސް ހަމަލޮލަށް ފެނުމުން އޭނާއަށް ކުރި އަސަރު ތަފާތެވެ. ހިތުގައިވާ ލޯބި އުތުރިގަނެއްޖެއެވެ. މައިވަންތަކަމުގެ ކުލުނުންނެވެ. ދަރިފުޅު ބޮޑުވެފައި ހުރިވަރު ޞާބިރާއަށް ފެނިފައެވެ. ފެންކަޅިވެގެންދިޔަ ދެ ލޯ ފޮރުވާލުމަށް ޞާބިރާ މޫނު އަނބުރާލި ހިނދު އޭނާގެ ގައިގާ ދުވެފައި އައި ޔަލާ ބައްދާލިއެވެ.

“މަންމާ… ދެން ނުދާނަން މަންމައާ ދުރަކަށް… މަންމައާ ނުލާ އުޅެން ހާދަ އުނދަގުލޭ…” ޔަލާގެ ވާހަކަތައް އިވިފައި ދަރިފުޅުގެ ގައިގާ ޞާބިރާ ވެސް ބައްދާލިއެވެ. އެ ތަން ބަލަން ދުރުގައި ހުންނާކަށް ލުހާއަކަށް ކެތެއްނުވިއެވެ. އޭނާ އައިގޮތަށް އައިސް ޞާބިރާއާއި ޔަލާގެ ގައިގާ ބައްދާލިއެވެ.

“ޔާލް ނެތީމަ ހާދަ ފޫއްސޭ ގޭތެރެ… މަންމައަށް ނޭނގޭ މީރުކޮށް ރިހަ ވެސް ކައްކަން..” ލުހާގެ ވާހަކަތަކުން އެންމެންގެ ގާތަށް ހިނިއައެވެ. ޞާބިރާ ވެސް ހެމުންހެމުން ލުހާގެ ކަންފަތުގައި ހިފާލިއެވެ.

“ތެލީގެ ފޫ ކަހާލާއިރު ވެސް މީރެއްނޫން ދޯ…” ޞާބިރާ ހެމުންހެމުން ބުނެލިއެވެ. އެއާއެކު ލުހާ ވެސް ކޮންމެވެސް އެއްޗެއް ބުނެލިއެވެ. ގޭތެރޭގައި އެންމެންގެ ހުނުމުގެ އަޑު ހިފައިގެން ދިޔައެވެ. ގިނަ ދުވަސްތަކަކަށްފަހުއެވެ.

ޞާބިރާގެ އަތުން ތައްޔާރުކޮށްފައި ހުރި ހެދިކާއާ ސައިބޯން ބަދިގެތެރޭގައި އެންމެން ތިއްބެވެ. އެހެންތިބި އިރު ޔަލާގެ ކިޔެވުމުގެ ދުވަސްތަކުގެ އެކި ވާހަކަތައް ދައްކަމުންދިޔައެވެ. އަދި ޔަލާ އޭނާގެ މުސްތަޤޫބަލް ބައްޓަންކުރަން ބޭނުންވާ ގޮތުގެ ޚިޔާލު ވެސް ޢާއިލާގެ މެންބަރުންނާ ޚިއްޞާކުރިއެވެ. ރަށުގެ ރަނގަޅު ވަޒީފާއަކަށް ކުރިމަތިލުމާއެކު ރަށުގައި ރަނގަޅު ދިރިއުޅުމެއް ފަށަން އޭނާގެ ވިސްނުން ހުރި ކަމެވެ. ޞާބިރާ އެހާ ބުރަކޮށް މަސައްކަތް ކުރުމަކީ ޔަލާ އެދޭކަމެއް ނޫނެވެ. އޭނާ ބޭނުންވަނީ ޞާބިރާގެ މަސައްކަތްތައް މަދުކޮށްލާ އަރާމުކުރުމަށެވެ. އެ މަންމަ އެ މީހުންނަށްޓަކައި ވަރަށް ދުވަހު ބުރަކޮށް އުޅެފިއެވެ. މިހާރު ހުރިހާ ކުދިން ވެސް ޞާބިރާ ބޭނުންވި ފަދަ ރަނގަޅު ބަޔަކަށް ވެއްޖެއެވެ. ވީއިރު އެ މަންމަގެ އުމުރުގެ ބާކީ އޮތް ދުވަސްތައް ފިކުރުތަކާ ދުރުގައި ހަމަޖެހޭ އަރާމު ދުވަސްތަކަކަށް ހަދައިދޭން ޔަލާ ވަރަށް ބޮޑަށް ބޭނުންވެއެވެ.

ސައިބޮއެގެން ގޭތެރެ ބަލާލުމަށް ޔަލާ އުޅުނީ ލުހާއާއެކުއެވެ. ޔަލާއާއި ލުހާގެ ދެމެދުގައި އޮންނަ ގާތްކަން ބޮޑެވެ. އެ ދެބެން އެކަކު އަނެކަކާ ޚިއްޞާކުރާ ވާހަކަތައް ގިނައެވެ. ބޮޑުވަމުން އައިއިރު ރައްޔާއާއި ސިތާރާގެ ދެމެދުގައި އޮތް ގާތް ކަމުގެ ސަބަބުން ޔަލާއާއި ލުހާގެ އެންމެ ގާތް ރަޙުމަތްތެރިއަކަށް ރައްޔާއަކަށް ނުވެވުނެވެ. ޔަލާއާއި ލުހާ އެހާ ގާތްވާން މެދުވެރިވީ އެ ސަބަބާ ހުރެއެވެ. ނަމަވެސް އެ ހަތަރު މީހުން އަބަދުވެސް ފެންނާނީ އެކަތިގަނޑެއް ހެންނެވެ.

“ކޮންއިރަކު މަތީބުރި ހެދީ؟” ސިޑިން އަރަމުންދިޔަ ޔަލާ ސުވާލުކޮށްލިއެވެ.

“ނަވާޛުބެ ހަދައިދިނީ. ކުރިން ވާހަކަދެއްކީ ޑޮކްޓަރުންނަށް ކުއްޔަށްދޭން އެކަމަކު މަންމަ އެ ޚިޔާލަށް ތާޢީދެއް ނުކުރި، ބުނީ ގޭގައި ފިރިހެނަކު ނޫޅޭއިރު ބޭރު މީހުން ގެއަށް ވައްދައިގެން އުޅޭން މަންމަ ބިރުގަނެޔޯ… ޔާލް އުޅޭ ވާހަކަ ބުނީމަ މަންމަ ބުނީ ޔާލްއަށް މަތީބުރީގައި ހުރި ކޮޓަރި ދޭނީއޯ… ޔާލް… އެނގޭތަ! އަހަންނަށް ހީވަނީ މަންމަ ވިސްނަނީ ޔާލް މެރީ ކޮށްގެން ވެސް މިގޭގައި އުޅޭންހެން… އެހެންވެ އެންމެ ބޮޑު ކޮޓަރި ޔާލްއަށް ދިނީ… އަދި ބުންޏޭ ޔާލްއަށް ފަހުން ވެސް އުޅެން ފަސޭހަވާނީ ބޮޑުކޮޓަރިއެއް ދިނީމައޭ…”

“ސާބަސް ލުހާ… މަންމައަށް އެނގޭނެ އަހަރެން ބައިވަރު ފޮތް ގެންގުޅޭނެކަން، އެހެންވެ ލައިބްރަރީއެއް ހެދޭނެވަރުގެ ކޮޓަރިއެއް އެ ދިނީ… ކޮން މެރިއޭޖެއްތަ؟ އެހާ އަވަހަށް މެރީ ކުރާކަށް މަށެއް ނުވިސްނަން… ޔޫ ނޯ ދެޓް”

ލުހާ ތަޅުދަނޑިން ޔަލާއަށް ޚާއްޞަކޮށްފައި ހުރި ކޮޓަރި ހުޅުވާލިއެވެ. އަދި އެތެރެއަށް ވަދެ ދޮރުކައިރީ ހުރި ފާރުގައި އަތްހާކާލުމާއެކު ސުވިޗު ޖައްސާލިއެވެ. އެއާއެކު މުޅި ކޮޓަރިތެރެ ހުދު އަލިން އަލިވެގެން ދިޔައެވެ.

“އޯ މައި ގޯޑް…” ޔަލާގެ ލޮލަށް ފެނުނު މަންޒަރު ޤަބޫލުނުކުރެވިގެން އޭނާއަށް ދެއަތްތިލަ ގެނެސް އަނގަމަތީ ޖައްސާލެވުމާއެކު ދެ ލޯ ބޮޑުކޮށްފައި ލުހާއަށް ބަލާލިއެވެ.

“މަންމަ ބެޑުޝީޓު ސެޓާއި ކާޓެއިންތައް ފެހީ، ދޮންތައާ ނަވާޛުބެ ފަރުނީޗަރު ހޯދީ… ދެޓް މިރާ… އިޓްސް މައި އައިޑިއާ..” ލުހާ ހިނިއައިސްފައި ހުރެ ބުނެލިއެވެ. ޔަލާއަށް އުފަލުން ގޮސް ލުހާގެ ގައިގާ އޮޅުލައިގަނެވުނެވެ. އަދި ތޫލި އަޑަކުން ހަޅޭލަވައިގަނެވުނެވެ.

ކޮޓަރީގެ އެއްފާރުގައި އޮރެންޖު ކުލަ ލާފައިވާއިރު ދެން ހުރި ފާރުތަކުގައި ހުރީ އަޅިކުލައެވެ. އެނދު ހުރީ އޮރެންޖުކުލައިގެ ފާރުގައި ޖައްސާފައެވެ. އެނދުގެ ހެޑުބޯޑާ ދިމާ މަތީގައި ރިހި ބޯޑަރުލީ ހިމަދިގު ލޯގަނޑެއް ހަރުކޮށްފައި ހުއްޓެވެ. އެނދުގައި އަޅިކުލައިގެ ބެޑުޝީޓެއް އަޅާފައި އޮތް އިރު އޮރެންކުލައިގެ ތިން ކުޝަން ބާލީސްތަކުގައި ޖައްސާފައި ހުއްޓެވެ. އެނދުގައި އޮތް ކުއިލްޓު ވެސް އޮތީ އަޅިމާތަކެއް ޖެހި އޮރެންޖު ކުލައިގެ ކަވަރެއް ލައްވާފައެވެ. ކޮޓަރީގައި ހުރި އިސްކޮޅުވަރުގެ ބޮޑު ކުޑަދޮރުގައި ދަމާފައި ހުރީ ހުދުކުލައާއި އޮރެންޖު ކުލައިގެ ތުނި ފަރުދާއެވެ. ޔަލާއަށް އެންމެ ރީތި ކުލައިން އެ ކޮޓަރި ފަރުމާކޮށްފައި ހުރިލެއް ފުރިހަމަކަމުން އޭނާއަށް އުފަލުން ގޮސް ހެދޭ ނުހެދޭއެއް ވެސް ނޭގެއެވެ. އެކައްޗެއްގައި އަތްހާކާލާފައި އަނެއްކައްޗާ ކުޅެލާފައި އޭނާ މޮޔައަކުހެން އުޅެއެވެ. އޭނާގެ ޢާއިލާ އެހާ ފުރިހަމަ ހަދިޔާއެއް ދިނުމުން ޖަޒުބާތީވާގޮތް އޭނާވިއެވެ. މަންމައާއި ދޮންތައަށް ފަށްފަށުން ހިތުގެ އަޑިން ޝުކުރުއަދާކުރިއެވެ.

އެނދުމައްޗަށް އުއްޑުން ވެއްޓިގަތުމާއެކު ދެއަތްފުޅާ ކޮށްލައިގެން ޔަލާ އޮތީ ހިނިތުންވެލައިގެންނެވެ. އޭނާގެ ގާތުގައި އެނދަށް އަރާ ދެފައިވަށްކޮށްލައިގެން ލުހާ އިނެވެ.

“ބޭރަށް ނުނިކުންނާނަންތަ؟ ހިނގާލަންދާންވާނެއެއްނު… މާދަމާ ދަތުރެއް ދާން އޮތީ ރާވާފައި، ސިތާރައްތަމެންގޭ ދަޔާން ވެސް ދާނެ” ލުހާ މިހެންބުނުމުން ޔަލާގެ ސަމާލުކަން އޭނާއަށް ހުއްޓުނެވެ.

“އޯ! ދަޔާން ދޯ… އަދި އޭނާ ނުދެކެން… ހިނގާބަލަ އޭނަ ބަލަން… ލުހާގެ ބޯއިފްރެންޑް ބަލަންޖެހޭނެއެއްނު ކޮންމެހެން ވެސް” ކުރުއަތްމައްޗަށް ތެދުވެލާފައި ޔަލާ ބުނެލިއެވެ.

“ޔާލް… ބޯއިފްރެންޑަށް ވާނެނަމަ ކިހާ ރަނގަޅު…” މާޔޫސްކަން މޫނުމަތިން ފާޅުވެގެންދިޔަ ލުހާ ބުނެލިއެވެ.

“އަދި ނުވެފައެއްނެތެއްނު، ހިނގާބަލަ އޭނަ ދައްކަން” ޔަލާ ފުންމައިގެން ތެދުވިއެވެ.

ސިޑިންފައިބައިގެން އައިސް ސިޓިންރޫމަށް ވަންއިރު ރައްޔާއާއި ނަވާޛުގެ އިތުރުން ސިތާރާއައި ޞާބިރާ ވެސް އިނެވެ. ޔަލާ ވަގުތުން އޭނާގެ ކޮޓަރީގެ ރީތި ވާހަކަ ދައްކަންފެށިއެވެ. އޭނާގެ ވަހަކަ މެދުކަނޑާލީ ލުހާއެވެ. ސިތާރާއަށް ގޮވާލާފައި އެގެއަށް ދާން ޔަލާ ބޭނުންވާ ވާހަކަ ބުނެފައެވެ. އެއާއެކު ޔަލާގެ ސަމާލުކަން ލުހާއަށް ހުއްޓުނެވެ.

“ރާމިޒައްތައަށް ގޮވާލަންދާންވާނެއެއްނު” ޔަލާ އަވަސްއަވަހަށް ބުނެލިއެވެ.

ސިތާރާއަކީ ޢާއިލާގެ އެންމެ ދޮށީ ކުއްޖާއެވެ. އޭނާއަށްފަހު ދެން ތިބެނީ ދެ ފިރިހެން ކުދިންނެވެ. ވާހިދުއާއި ދަޔާންއެވެ. އެންމެ ހަގީ ދަޔާންއެވެ. ލުހާއަށް ސިތާރާމެންގޭ ދަޔާން ކަމުގޮސްގެން އެ ވާހަކަދެއްކީ ޔަލާ ރާއްޖޭން ބޭރުގައި ކިޔަވަންހުއްޓައެވެ. ޔަލާގެ ހަނދާނުގައި ކުރެހިފައިވަނީ ދަޔާންގެ ކުޑައިރުގެ ތަސްވީރެކެވެ. އެހެންވެ ލުހާގެ ވާހަކަތަކުން ފާހަގަކުރެވިފައިވާ ޒުވާންކަމާއި ފިރިހެންވަންތަކަމުގެ ތަސްވީރެއް ސިކުނޑިއަށް ގެންނަން ފަސޭހައެއްނުވިއެވެ. އަނެއްކޮޅުން ޔަލާ ކިޔާކިޔާ ވެސް ދަޔާންގެ ފޮޓޯއެއް ލުހާ ނުދެއްކިއެވެ. ބުނަމުން ދިޔައީ އެނބުރި ރަށަށް އައި ދުވަހަކުން ދަޔާން ދައްކާނަން ކަމުގައެވެ. ޔަލާއަށް ޔަޤީންވާ ކަމަކީ އޭނާގެ ކޮއްކޮގެ ހިތުގައިވާ ހަމައެކަނި ޒުވާނަކީ ދަޔާންކަމެވެ. ހުރިހާ އިހުސާސްތަކެއް ހިތުގައި ފޮރުވާލައިގެން ލުހާ ހުރީ ދަޔާންގެ ފަރާތުން އިޝާރާތެއްވާނޭ ދުވަހެއްގެ އިންތިޒާރުގައެވެ.

ޔަލާއާއި ލުހާގެ އިތުރުން ރައްޔާ ވެސް ސިތާރާއާއެކު އައިސް އޭނާގެ ގެއަށް ވަނެވެ. ރާމިޒާގެ ކޮޓަރީގައި ޓަކިޖަހާލުމާއެކު އެތެރެއަށް ވަނުމަށް އޭނާ އެދުނެވެ. އެހިނދު ސިތާރާއެކު އެންމެން އެ ކޮޓަރިއަށް ވަނެވެ. ޔަލާ ފެނުމުން ފުރަތަމަ ރާމިޒާއަށް އޭނާ ދެނެގަންނާކަށް ނޭނގުނެވެ. އެހެންނަމަވެސް އިރުކޮޅަކު ބަލަން ހުރެފައި ޔަލާތޯ ސުވާލުކޮށްލިއެވެ. އެއާއެކު ސިތާރާ ހޭންފެށިއެވެ. އަދި ރާމިޒާގެ ގާތުގައި ޔަލާ އެނބުރި ރަށަށް އައީކަމުގައި ބުނެލިއެވެ. އުފަލުން ހުރި ރާމިޒާ އައިސް ޔަލާގެ ގައިގާ ފިރުމަމުން ވާހަކަދައްކަންފެށިއެވެ. ޞާބިރާގެ އިތުރުން އެންމެ ގިނައިން ޔަލާ އުރައިގެން އުޅުނު މީހަކަށްވާނީ ރާމިޒާއެވެ. ޞާބިރާގެ ފިރިމީހާ ގެއްލުނު ފަހުން އެންމެބޮޑު އެހީތެރިކަމެއް ފޯރުކޮށްދިން މީހަކީ ވެސް ރާމިޒާއެވެ. އޭނާ ޞާބިރާގެ ކުދިންދެކެ ސިތާރާދެކެ ވާ ލޯބިވެއެވެ. މަޔެއްގެ ނަޒަރުން އަބަދުވެސް އެކުދިންނާ މެދު ރާމިޒާ ދުށްޓެވެ. ސިތާރާއާ ޝަކުވާކުރީ ޔަލާ އަންނަ ވާހަކަ ކުރިން ނުބުނީމައެވެ. ހަމައެއާއެކު ދެރަވެފައި ޞާބިރާ ވެސް އެކަން ނޭންގުމުން ރާމިޒާއަށް އަސަރުކުރިކަން އޭނާގެ މޫނުމަތިން ފާޅުވޭވޭ ހުއްޓެވެ.

“ކޮބާތަ ދަޔާން… އޭނަ މިހާރު ވަރަށް ބޮޑުވާނެ ދޯ” ވާހަކައިގެ ތެރެއިން ޔަލާ ބުނެލިއެވެ.

“ކޮޓަރީގަ ކަންނޭނގެ… ރާވީއާއެކު އައިސް ގެއަށް ވަންތަން ޔަޤީނުން ވެސް ދުށިން” ރާމިޒާ ކޮޓަރިން ނުކުންނަން ހިނގައިގަތެވެ. ޔަލާއާއި ދަޔާން ބައްދަލުކޮށްދޭށެވެ.

ދަޔާންގެ ކޮޓަރީގައި ޓަކި ޖަހާލާފައި ރާމިޒާ ހުޅުވާލިއެވެ. އަދި އެތެރެއަށް ވަދެ ޔަލާގެ އަތުގައި ހިފާ ކުރިއަށް ޖައްސާލަމުން ދަޔާން ގާތު އެއީ ކާކުކަން އެނގޭތޯ ސުވާލުކޮށްލިއެވެ. ޔަލާއަށް ވުރެ އުމުރުން ހަގު ނަމަވެސް ދަޔާން ލުހާއަށް ވުރެ އުމުރުން ދޮށްޓެވެ. ބީރައްޓެހި ބެލުމަކުން ބަލަން ހުރެފައި ދަޔާން ދެ ފަރާތަށް ބޯހޫރާލިއެވެ. އެއާއެކު ރާމިޒާ ވާހަކަދައްކަން ފެށިއެވެ. ޔަލާއަކީ ކާކުކަން އޭނާ ނިކަން ތަފްޞީލުކޮށް ކިޔައިދިނެވެ. ލުއި ހިނިތުންވުމެއް ޔަލާއާ ބަދަލުކޮށްލާފައި ދަޔާން ހުރީ ހިމޭނުންނެވެ. އެހެންނަމަވެސް ޔަލާއަށް ފާހަގަކުރެވުނީ ދަޔާންގެ ނަޒަރު ސިއްރުން ނަމަވެސް ލުހާއަށް އަމާޒުވަމުންދިޔަ ކަމެވެ.

ޔަލާއާއެކު ރާމިޒާ ވެސް އައިސް ޞާބިރާމެންގެއަށް ވަނެވެ. އަދި ލިބުނު ފުރުޞަތުގައި ޞާބިރާގެ ގާތުގައި ޝަކުވާކޮށްލިއެވެ. ޔަލާ އަންނަކަން އެކަކު ވެސް ނުބުނީމައެވެ. ޔަލާއަށްޓަކައި ޚާއްޞަ އެއްޗެއް ތައްޔާރުކުރަން އޭނާ ވެސް ބޭނުންވިއެވެ.

“މާދަމާ ހެނދުނު ސައިބޯން ޔަލާ އަންނަންވާނެ ދައްތަމެންގެއަށް” ޞާބިރާއާއި ރާމިޒާގެ މެދުގައި ސޯފާގައިން ޔަލާގެ އަތުގައި ހިފާލަމުން ރާމިޒާ ބުނެލިއެވެ.

“މާދަމާ މިއުޅެނީ ދަތުރުދާންވެގެން ޔަލާ ގޮވައިގެން” ސިތާރާ ބުނެލިއެވެ.

“ހެނދުނު ސައިބޮއެގެންނު ދާނީ…” ރާމިޒާ ބުނެލިއެވެ.

“ތެދެއް ހުރިހާ ކުދިން ސައިބޮއެގެން ދާންވާނީ، އަހަރެން މާދަމާ ހެނދުނަށް އެއްވެސް އެއްޗެއް ނުހަދާނަން… ރާމިޒާއާ ހެނދުނުގެ ސައި ހަވާލު” ރާމިޒާއަށް ބަލާލާފައި ޞާބިރާ ހިނިތުންވެލިއެވެ.

މަޤުރިބު ނަމާދަށް ގޮވުމުން ރާމިޒާ އެނބުރި ގެއަށް ދިޔައެވެ. ޞާބިރާ ވެސް ހުރިހާ ކުދިން ގާތު ނަމާދަށް އަރަން ބުނެފައި ވަނީ ކޮޓަރިއަށެވެ. ޔަލާގެ ކޮޓަރިތެރޭ ހުރިހާ ކުދިން ތިއްބެވެ. އެނދުމަތީ ދެފައިވަށްކޮށްގެން އިން ލުހާގެ އުނގުގައި އަމަން އިނެވެ. ކޮޓަރީގައި ހުރި ބޮޑު ކުޑަދޮރުގެ ކައިރީ ބަހައްޓާފައި ހުރި އިސްފޮންޖުގަނޑު ހީވަނީ ކުޑަކުޑަ ސޯފާއެއް ހެންނެވެ. އޭގެ މަތީގައި ސިތާރާ އާއި ރައްޔާ އިށީނދެ ތިއްބެވެ. އެނދުގެ ފައިލާކޮޅުގައި ބަންޑުން ކުރުއަތްމައްޗަށް އޮށޯވެލައިގެން ޔަލާ އޮތެވެ. އެންމެންގެ މެދުގައި ދެކެވެމުންދިޔައީ ޔަލާ ރަށުގައި ނެތްއިރު ހިނގާފައިވާ ކަންތައްތަކުގެ ވާހަކައެވެ.

“ރަށުގެ ކުޅިއާ ދިމާއަށް މިހާރު މީހުން އެއްގޮތަކަށް ވެސް ނުދޭ… އެކަމަކު އިރުއޮއްސޭއިރު އެތަން ވަރަށް ރީއްޗޭ ބުނާ މުސްކުޅިން އުޅޭ…” ރައްޔާ ބުނެލިއެވެ.

“އަހަރެން ހީކުރަނީ އެހިސާބު ވައުވެގެންކަމަށް މީހުން ދިއުން ހުއްޓާލީ، އަހަރުމެން ކުޑައިރު ވެސް މަންމަ ބުނެއެއްނު އަބަދުވެސް ކުޅީ ސަރަހައްދުގައި ބޯކޮށް ގަސްތައް ހެދިފައި ހުންނަ ވާހަކަ، އަނެއްކާ އޭރު ވެސް އިރުއޮއްސުމަށްފަހު މީހުން ގޮހެއް ނޫޅެއެއްނު…” ޔަލާގެ ކުޑައިރުގެ ހަނދާނެއް އޭނާ ހާމަކުރިއެވެ.

“އެއީ ދޮގެއް… ޔާލް ރަށުގައި ނެތީމަ މީހުން ދައްކާ ވާހަކައެއް އަޑެއް ނީވޭނެއެއްނު… މި ރަށު މީހުން ކިޔަނީ އެ ސަރަޙައްދުގައި ޖިންނި ޢާއިލާއެއް އުޅޭކަމަށް… އެ ހިސާބަށް ރޭގަނޑު ގޮސްފިނަމަ މީހުން މޮޔަވާކަމަށް… މީހުން އެ ހިސާބަށް ދިއުން ހުއްޓާލީ އަސްލު އެ ޖިންނި ޢާއިލާގެ ސަބަބުންކަމަށް ވަނީ” ލުހާ ވާހަކަދައްކަމުން ދިޔައިރު އެންމެންގެ ސަމާލުކަން ހުރީ އޭނާއަށް ހުއްޓިފައެވެ. އާދަޔާ ޚިލާފު ހިމޭންކަމެއް ވެސް ކޮޓަރިއަށް ވެރިވެފައި އޮތެވެ. ކުޑަކުޑަ އަމަން ވެސް ލުހާގެ މޫނަށް ބަލަން އިން ގޮތުން ހީވަނީ އޭނާ ދައްކާ ވާހަކަ އެނގިގެން ބަލަން އިންހެނެވެ. ނަމާންކަމުގެ އިހުސާސްއެއް ކޮންމެ މީހަކަށް ކުރެވިފައި ތިބި ކަހަލައެވެ.

ކުއްލިއަކަށް އެންމެން އެއްފަހަރާ ސިހިފައި ހަޅޭލަވައިގަތީ އަމަން ކުޅެން ގެންގުޅުނު ކާރު އެއްލާލުމާއެކު އެ ވެއްޓި ތަޅުމުގައި ޖެހުނު އަޑަށެވެ. ހަޤީޤަތް އެނގުމުން އެންމެން ފެށީ ހޭށެވެ.

“އަހަންނަށް ހީވަނީ އެއީ މީހުން ބިރުގަންނުވަން ދައްކާ ވާހަކައެއްހެން، ބަލާބަލަ އަހަރުމެންނަށް ވެފައި ތިބިވަރު، އަމަން އެއްލި ކުޅޭ އެތީގެ އަޑަށް ވެސް ސިއްސައިގެން ދިޔައީ ބިރުވެރިއަޑެއް އިވުނީކަމަށް ހީކޮށް… އަހަރެން ޤަބޫލެއް ނުކުރާނަން އެ ވާހަކައެއް، ކޮންމެވެސް އެހެން ސްޓޯރީއެއް ތިކަމުގައި ފޮރުވިފައި އޮންނާނެ… ވީ ހިއުމަންސްއާ ގުޑް ފޯ ސްޓޯރީމޭކިންގ، ކޮންމެ ފަދަ ވާހަކައެއް ވެސް ހަދާލާކަށް މީހުން ފަހެއް ނުޖެހޭނެ…” އެނދުގައި ދެފައި ތިރިކޮށްލައިގެން އިށީނދެ އިން ޔަލާ ބުނެލިއެވެ.

“އަހަންނަށް ހީވާ އެއްޗެއް ބުނަންތަ؟ މާ ވަރަކަށް ބިޓުން ދާ ސަރަޙައްދެއްވީމާ އެކަން ފޮރުވަންވެގެން ދައްކައިގެން އުޅޭ ވާހަކައެއް ކަންނޭނގެ އެއީ ޖިންނި އުޅެނީއޭ ކިޔައިގެން” ވަރަށް ވިސްނަން އިނދެފައި ސިތާރާ ބުނެލިއެވެ.

“ކޮންހަޅޭކެއްގެ އަޑުތަ އެ އިވުނީ” ނަމާދު ދޮޅީގައި ހުރި ޞާބިރާ ކޮޓަރީގެ ދޮރުހުޅުވާލާފައި ބުނެލިއެވެ.

“އެއީ… އެއީ އަމަންކޮއްކޮ އެނދުން ވެއްޓެން އުޅުނީމާ” އަވަސް އަވަހަށް ލުހާ ބުނެލިއެވެ.

“އަދިވެސް ނަމާދަށް ނާރަން ދޯ… މިގަޑީގައި ސަކަރާތް ނުޖަހާތި، ރައްޔާ، ދަރިފުޅު އެންމެ ދޮށީ ކުއްޖާ ވެސް އެމީހުންނަށް ނަމާދަށް އަރަން ނުބުނަނީތަ؟ ހުރިހާ ކުދިން ވެގެން ކޮޓަރީގައި ނަމާދަށް އަރާބަލަ…” ޞާބިރާ މިހެން ބުނުމުން ރައްޔާ އިންތަނުން ތެދުވިއެވެ. އެހެންވެ އިތުރަށް އެއްޗެކޭ ނުބުނެ ކޮޓަރީގެ ދޮރު ލައްޕާލާފައި ޞާބިރާ ހިނގައްޖެއެވެ.

ރޭގަނޑުގެ ކެއުމަށްފަހު ރައްޔާގެ ދެމަފިރިން އެމީހުން އުޅޭ ގެއަށް ދިޔައެވެ. ސިތާރާ ވެސް އޭނާގެ ގެއަށް އައީ ހެނދުނުން ދިމާވާނެކަމަށް ބުނެފައެވެ. މަޑުމަޑުން ގޭތެރެ ހިމޭންވަމުންދިޔައެވެ. އެގާރަޖަހަން ކައިރިވުމާއެކު ސިޓިންރޫމު ސޯފާގައި އިން ޞާބިރާ ވެސް ތެދުވީ ނިދަން ކޮޓަރިއަށް ވަނުމަށެވެ.

“މަންމަ މި ވަންނަނީ ނިދަން، ހަނދާންކޮށް ޓީވީ ނިއްވާލާފައި ކޮޓަރިއަށް ދާތި” ގޭގެ ދޮރޯށްޓާއި ސިޓިންރޫމު ދޮރު ތަޅުލާފައި އައިސް ކޮޓަރިއަށް ވަންނަމުން ޞާބިރާ ބުނެލިއެވެ.

ޓީވީއާ ކުރިމަތިވާގޮތަށް ބަހައްޓާފައި ހުރި ސޯފާގައި ބަންޑުން އޮށޯވެލައިގެން ދެއަތުން ހިފަހައްޓައިގެން އޮތް ކުށަންގައި ބޯއަޅާލައިގެން ޔަލާ އޮތެވެ. އޭނާގެ ނަޒަރު ހުރީ ޓީވީއަށް ހުއްޓިފައި ކަމަކު އޭނާގެ މާބޮޑު ސަމާލުކަމެއް ޓީވީއިން ދައްކަމުން ދިޔަ ފިލްމަކަށް ނުދެއެވެ. އޭގެ ބަދަލުގައި އަރިމަތީ ހުރި ސޯފާގައި އޮތް ލުހާ އޮތީ ވަރަށް ގަޔާވެފައި ޓީވީ ބަލާށެވެ. ދެބެން އެކަކު އަނެކަކާ ވާހަކަ ނުދައްކާ ޓީވީއަށް ނަޒަރު ހުއްޓާލައިގެން ތިއްބާ ދައްކަމުން ދިޔަ ފިލްމު ނިމިއްޖެއެވެ. އެއާއެކު ލުހާ ތެދުވެ އުޅާހަށް ދެމިލިއެވެ.

“ޔާލް… ނިންޖެއް ނާދޭތަ؟” ލުހާ އަހާލިއެވެ.

“ކުޑަކޮށް ވަރުބަލި… ދާންވީ ކަންނޭނގެ ކޮޓަރިއަށް” ޔަލާ މިހެންބުނެ ތެދުވިއެވެ.

“މަވެސް ކޮޓަރިއަށް ދާންކަމަށް” ލުހާ ބުނެލިއެވެ.

ޓީވީ ނިއްވާލާފައި ލުހާ އޭނާގެ ކޮޓަރިއަށް ދިއުމަށް ހިނގައިގަތެވެ. ޔަލާ އެކަނިމާ އެކަނި ސިޑިން މައްޗަށް އަރަމުންދިޔައެވެ. ވެރިވެފައި އޮތް ހިމޭންކަމާއި ފަނޑުއަލީގައި ޔަލާ މަޑުމަޑުން އައިސް އޭނާގެ ކޮޓަރިއަށް ވަދެ ދޮރުލައްޕާ ތަޅުލިއެވެ. އަދި ނިދަން ތައްޔާރުވެލުމުގެ ގޮތުން އަލަމާރިން ހެދުމެއް ނެގުމަށް ދޮރުފަތް ހުޅުވާލިއެވެ. އިރާކޮޅު ޔަލާގެ ފޮށީގައި ހުރި ހުރިހާ އަންނައުނެއް އަލަމާރިއަށް އެޅުމަށް ލުހާއާއި ދެންތިބި މެންބަރުން އެހީތެރިވެދިނެވެ. އެހާ އަވަހަށް އަލަމާރި ތަރުތީބުކޮށްލެވުނީ އެހެންވެއެވެ. އެންމެ ފުރަތަމަ ފެނުނު ޓީޝާޓާއި ސޯޓުބުރި ނަގާ އެ އެއްޗެހި އެނދުމައްޗަށް އެއްލާލާފައި ޔަލާ އައިސް ވަނީ ފާޚާނާއަށެވެ. ގައިދޮވެލައިގެން ނުކުމެ އެނދުމަތީ އޮތް ޓީޝާޓާއި ސޯޓުބުރި ލައިގެން އޭނާ އެނދަށް އެރިއެވެ. އެހެންނަމަވެސް އޭނާގެ ލޮލުގައި ނިދީގެ އަސަރެއް ނެތެވެ. އަމިއްލަ ޢާއިލާގެ ގާތަށް އުޅެ ބޮޑުވި ގެއަށް އާދެވުނެއްކަމަކު ޔަލާއަށް ނިދަން ފަސޭހަނުވީއެވެ.

ދުނިޔެމައްޗަށް އަލިކުރަމުން އަރައިގެން އައި އިރުގެ ހޫނުކަން ފަޒާގައި ހަރުލަމުންދިޔައެވެ. ގޯތިތެރޭގައި ތަފާތު ގިނަ ގަސް ހެއްދުމަކީ ފިސާރި މުރާލިވެގެން ކުރެވޭނޭ ކަމެކެވެ. ޞާބިރާ ފެންހޮޅި ހިފައިގެން މާގަސްތަކަށް ފެންދޭ ނުކުމެ ހުރިއިރު ގޯތިތެރެވަނީ ވަރަށް ރީތިކޮށް ކުނިކަހާ އޮމާންކޮށްލާފައެވެ. މިއަދު ހެނދުނުގެ ސައި ތައްޔާރުކުރަން ނުޖެހޭތީވެ ޞާބިރާ ގަސްތައް ކައިރީ ގިނަ ވަގުތު ހޭދަކުރަން ބޭނުންވީއެވެ.

“މަންމާ! ޔާލް ހޭލައިފިތަ؟” ރީތިވެގެން ކޮޓަރިން ނުކުތް ލުހާ އަހާލިއެވެ. އޭރު ދޮރޯށި ހުޅުވާލާފައި ސިތާރާ ވަންނަނީއެވެ.

“ބަލާ ނާންނާތީ ނުދާންތަ ތި ތިބީ” ސިތާރާއަށް ސިޓިންރޫމު ދޮރުމަތީ ހުރި ލުހާ އާއި ގޯތިތެރޭ އުޅޭ ޞާބިރާ ފެނިފައި ބުނެލިއެވެ.

“ޔާލްއަށް އަދި މޯނިންގ ނުވޭ ކަންނޭނގެ” ލުހާ ބުނެލިއެވެ.

“ތިޔަހެންވީރު ހިނގާބަލަ ގޮވަން” ސިތާރާ ހިނގައިގަތީ ސިޓިންރޫމަށް ވަންނާށެވެ.

ޔަލާގެ ކޮޓަރީގައި ޓަކިޖަހަން ސިތާރާ އަތް ހިއްލާލިތަނާހެން ކޮޓަރީގެ ދޮރު ހުޅުވާލާފައި ޔަލާ ނުކުމެއްޖެއެވެ. ސިތާރާ އޭނާއާ ދިމާކޮށްލުމުގެ ގޮތުން ދެތިން އެއްޗެއް ބުނެލިއެވެ.

“އަހަރެން ހޭލައޭ މިއުޅެނީ، ކަލޭމެން ދެމީހުން އަންނަ އަޑު އިވިއްޖެ މާދުރުން… އެހެންވެ އެނގުނީ މިކޮޓަރިއަށްކަން ތި އަންނަނީ” ޔަލާ ވާހަކަދައްކަމުން ކޮޓަރިން ނުކުމެ ދޮރު ލައްޕާލިއެވެ.

“ދެން ވެސް ހިނގާދާން، ފަތިހާ ހޭލައިގެން މަންމަ ރެޑީވާން ފަށައިފި… މިހާރު ހުރީ ލަސްވެފައި…” ސިތާރާ ބުނެލިއެވެ.

“ޞާބިރައްތާ! މަންމަ ބުނީ ޞާބިރައްތަ ވެސް ގޮވައިގެން އަންނާށޭ” ޔަލާއާއި ލުހާއާ އެކުގައި ގެއިން ނުކުންނަން ދިޔަ ސިތާރާ ބުނެލިއެވެ.

“އިރުކޮޅަކުން ދައްތަ މިދަނީ، ތި ކުދިން ގޮސް ސައިބޯން ފަށާ” ޞާބިރާ ބުނެލިއެވެ.

ސިތާރާމެންގެއަށް ވަދެވުމާއެކު ލުހާގެ ނަޒަރު ދިމަދިމާއަށް ހުއްޓެމުންދިޔައެވެ. އޭނާގެ ހަރަކާތްތައް ޔަލާއަށް ނަގައިގަނެވުނެވެ. ކޮއްކޮއާ ދިމާކޮށްލުމުގެ ގޮތުން ޔަލާ އެއްޗެއް ބުނެލިހާއިރަށް އޭނާގެ އަނގައިގައި ލުހާ އަތްއެޅުމާއެކު ޔަލާގެ ކޮނޑުގައި އެލިގަނެއްޖެއެވެ. ވީކީއްކަން ސިތާރާއަށް ނޭނގުނެއްކަމަކު އޭނާ ވެސް އެ ދެމީހުންގެ ސަކަރާތުގައި ބައިވެރިވޭވޭތޯ އުޅުނެވެ.

ބަދިގެއަށް ވަންއިރު ކާމޭޒުމަތީ ނެތްވައްތަރެއް ނެތެވެ. އެހެންނަމަވެސް ޔަލާއަށް އެންމެ ކަމުދިޔައީ މަސްހުންޏާ ރޮށްޓެވެ. އޭނާ ރާއްޖޭން ބޭރުގައި ކިޔަވަން އުޅުނު ދުވަސްވަރަކީ ދިވެހި ކެއުން ހޯދުމަށް އެންމެ ދަތިވި ދުވަސްތަކެވެ. ޔަލާ އެންމެ ހަނދާންވަނީ ވެސް އޭނާގެ މަންމަގެ އަތުން ތައްޔާރުކުރާ މީރު ކެއުންތަކެވެ. އެތައް ދުވަހަކަށް ފަހު ހިތްހަމަޖެހިގެން ހެނދުނުގެ ސައި ޔަލާއަށް ބޮވުނެވެ. ސައިމައިޒު ދޮށުގައި ތިބެ ދާންއުޅޭ ދަތުރާ ބެހޭގޮތުން ސިތާރާ ވާހަކަދައްކަމުންދިޔައެވެ. އޭރު ޞާބިރާ ވެސް އެތަނުގައި އިނެވެ. އެމީހުންނާއެކު ދަނީ ކޮންބައެއްކަން ރާމިޒާ އޮޅުންފިލުވިއެވެ. ޞާބިރާއަށް އެ ކުދިން އަމިއްލައަށް ފޮނުވާލާކަށް ހިތެއް ނޭދުނެވެ. އެހެންވެ ރާމިޒާ ގާތު ކިޔައިގެން އެ ކުދިންނާއެކު ދަތުރުގައި އޭގެ ދެމީހުން ވެސް ބައިވެރިވާން ނިންމިއެވެ.

ރައްޔާ ގެނެސް ސިތާރާމެންގެއަށް ލާފައި ނަވާޛު ދިޔައީ އޭނާގެ ބައްޕަގެ ފިހާރާއަށް މުދާ ގެންނަ ލޮރީ ބަލައެވެ. އޭރު ސިތާރާމެން ގޭތެރޭގައި ދަތުރަށް ބޭނުންވާނޭ ހުރިހާ ސާމާނެއް ހަމަކުރަމުންދިޔައެވެ. އެ މީހުން ދަތުރުދާން ނިންމާފައި އޮތީ ރަށުގެ ދެކުނު އަވަށުގައި އޮންނަ ތުނޑިއާ ދިމާއަށެވެ. އެއީ މުޅި ރަށުގައި މީހުން ދަތުރުގޮސް އުޅޭ ސަރަޙައްދެކެވެ. ރީތި މޫދެއް އޮތުމާއެކު ޕިކުނިކު ހަނދާލުމަށް ހުސް ބޮޑު ބިމެއް އެތަނުގައި އޮވެއެވެ.

ލޮރީގައި ނަވާޛު އައިސް ސިތާރާމެންގޭ ދޮރުމައްޗަށް މަޑުކޮށްލާފައި ގޭތެރޭއިން އެއްޗެހި ނެރި އަރުވަންފެށިއެވެ. ޖޯލިފައްޗަކާއި ލެއްޕޭ މޭޒަކާއި ދެތިން ޕްލާސްޓިކު ގޮނޑި އެރުވިއެވެ. އެއަށްފަހު ތެލިތަށި އަރުވަންފެށިއެވެ. ޕްލާސްޓިކު ކޮންޓޭނަރުތަކުގައި ބަންދުކޮށްފައި ހުރި ކާއެއްޗެހީގެ ބާވަތްތަކާއި ދަބަސްތައް އަރުވާ ނިންމާލުމާއެކު އެންމެން ލޮރީއަށް އަރަން ނަވާޛު އެންގިއެވެ. ކުރީ ސީޓުގައި ނަވާޛުއާއެކު ތިބީ ރާމިޒާއާއި ޞާބިރާއެވެ. ޞާބިރާގެ އުނގުގައި އޭނާގެ މާމަ ދަރިފުޅު އަމަން އިނެވެ. މީހުން މަދުކަމުން އެ ވާހަކަ ޔަލާ ދެއްކުމުން ސިތާރާގެ އެދުމަށް އެ ދަތުރުގައި އޭނާގެ ކޮއްކޮ ވާހިދާއި ދަޔާން ވެސް ބައިވެރިވިއެވެ. އެމީހުންގެ ބައެއް ރަޙުމަތްތެރިން ވެސް ބައިވެރިވާނެކަމުގައި ސިތާރާ ބުންޏެވެ. ރައްޔާއާއެކު ނަވާޛުގެ ތިމާގެ ކުއްޖަކު ވެސް ދަތުރުގައި ބައިވެރިވިއެވެ. ހުރިހާ އަންހެން ވެރިން ލޮރީއަށް އަރާ ހަމަޖެހިލުމާއެކު ނަވާޛު ލޮރީ ދުއްވާލިއެވެ. ވާހިދާއި ދަޔާން ސައިކަލުގައި އެމީހުންގެ ރަޙުމަތްތެރިންއާއެކު ދާނަން ކަމުގައި ބުނެ މަޑުކޮށްގެން އޭރު ތިއްބެވެ.

ހަފްތާ ބަންދު ދުވަހެއް ނޫންކަމުން ދަތުރުއަންނަ ސަރަޙައްދު އެއްކޮށް އޮތީ ފަޅުކޮށެވެ. ހުރިހާ އެންމެންނަށް އެތަނަށް އާދެވުނީ ދިހައެއް ޖަހަން ކައިރިވެފައި ހުއްޓައެވެ. އެންމެންނަށްވުރެ ކުރިން މީހެއްގެ އެހީއަކާނުލާ ޔަލާ ލޮރީއިން ފުންމައިލައިފިއެވެ. އަދި ކުރިއަށް ޖެހިލައި އަތުގައި އޮތް ފޯނު ސެލްފީ ސްޓިކުގައި ހަރުކޮށްލުމާއެކު ފަހަތުން ދަތުރު އައި ހުރިހާ އެންމެން އަރާނޭހެން ފޮޓޯއެއް ނެގިއެވެ. ދެން ފެނުނީ އޭނާގެ ކޮނޑުގައި އައިސް ލުހާ އެލިގަތްތަނެވެ. ޔަލާގެ އަތުގައި އޮތް ސެލްފީ ސްޓިކު އެ ދެބެން އަރާނޭހެން ސެޓުކޮށްލުމާއެކު ލުހާ އޭނާގެ ތުންކޮޅު އޫކޮށްލާފައި ޔަލާގެ މޫނުގެ އެއްފަރާތުގައި މޫނު ޖައްސައިލައިގެން ހުރެ ފޮޓޯއެއް ނަގައިފިއެވެ.

“ޔާލް… މިއަދު ވާނެ ރަނގަޅު ފޮޓޯއެއް ނަގައިދޭން… އޭރުންތާ ހަނދާނަކަށް ފޮރުވޭނީ ވެސް” ލުހާ ސިއްރުސިއްރުން ބުނެލިއެވެ.

“ހޫން! ހޫން! ތިބުނީ ދަޔާންއާ ދެ މީހުންގެ ފޮޓޯއެއް ނަގައިދޭށޭ ދޯ…”

“ދެން ޔާލް… ތިހާ ބާރަށް ވާހަކަ ނުދައްކަބަލަ”

“ކޮންކަމަކާތަ ލުހާ ތިހާ ޖެހިލުމެއް ތިވަނީ… ތިހެން ފޮރުވައިގެން ނުހުރެ ނިކަން ތީރެއް ފޮނުވާލަބަލަ… އަހަރެން ހީކުރީ ލުހާއަށް ކުރަން ނުކެރޭކަމެއް ނޯންނާނެކަމަށް…. އަބަދުވެސް ތީ ނުލާހިކު ޖެހިލުންކުޑަ ކުއްޖެއް” ލުހާގެ އެދުމާއެކު ޔަލާ ވާހަކަދެއްކީ މަޑުމަޑުންނެވެ. އަދި އެ ދެ ކުދިން ވެސް ސިއްރުން ބަލަމުން ދިޔައީ އެ މީހުން ފޭބި ލޮރީ ކައިރިއަށް ސައިކަލުގައި އައިސް މަޑުކޮށްލި ދަޔާންއަށެވެ.

“ޔަޤީންތަ އޭނަގެ ގާލްފްރެންޑެއް ނުހުންނަކަން” އިރުކޮޅަކު ބަލަން ހުރެފައި ޔަލާ އަހާލިއެވެ.

“ސިތާރައްތަ ބުނާ ގޮތުގައި ދަޔާން އަބަދު އުޅެނީ އެ ރާވީއަކާއެކު، ގިނައިން އޮންނަނީ ގޭގައި ގޭމްކުޅެން…” ލުހާ ބުނެލިއެވެ.

“މައި ލިޓްލް ސިސްޓާ… ތިހެން ޔަޤީންނުކޮށް ހުއްޓާ ހާޓްބްރޭކް ވެދާނެ… މިއަދުގެ ދަތުރު ނިމެންވާއިރަށް މަގޭ ސިސްޓާގެ ކްރަޝްއާ ބެހޭ ހުރިހާ މަޢުލޫމާތެއް ހޯދައިދޭނަން… ޖަސްޓް ލީވް އިޓް ޓު މީ…” ޔަލާ ބޮޑުވައި އިނގިލި އޭނާގެ މޭގައި ޖައްސާލަމުން އޭނާގެ ބަހުގެ ޔަޤީންކަން ހާމަކޮށްދޭން މަސައްކަތްކުރިއެވެ. ލުހާ ތުއިވެލާފައި ހީނލަމުން ޔަލާގެ އަތުގައި ހިފާލިއެވެ.

“މީ ހާދަ އަރާމުގައި ތިބި ދެ މީހުންނޭ ދޯ… ސައިޓް ސިއިންއަށް އައިސް އުޅޭ ދެ ޓުއަރިސްޓުންތަ؟” ދިމާ ކުރުމުގެ ރާގުގައި ރައްޔާ ބުނެލިއެވެ.

“ތި ތާ ތިބިހާ މީހުން މަދެއްނޫނެއްނު… މި ތިބީ ތިބިހާ ބޯއީޒް ވެސް… ހާއި! ތީ ރާމިއްޒަތަގެ ދަޔާން ދޯ؟” ފުރުޞަތުގެ ބޭނުން ހިފަމުން ޔަލާ ޖެހުނީ ސައިކަލު މަތީ މަޑުކޮށްލައިގެން އިން ދަޔާންގެ ކައިރިއަށެވެ. އޭރު އޭނާގެ ގާތުގައި ރާވީ ހުއްޓެވެ. އެ މީހުން ވެސް ތިބީ ކޮންމެވެސް އަމިއްލަ ވާހަކައެއްގައެވެ. ޔަލާގެ އަޑާއެކު އެ މީހުންގެ ސަމާލުކަން ވެސް ލިބިގެންދިޔައެވެ.

“ބައި ދަ ވޭ… ދަޔާން ހާދަ ބަދަލުވެއްޖެޔޭ… ފެނިފައި ނުވެސް އެނގުނު” ރަކި ގޮތަކަށް ދަޔާން ހިނިތުންވެލުން ފިޔަވާ ބަހެއް ނުބުނުމުން ޔަލާ އަނެއްކާ ވެސް ވާހަކަދައްކަންފެށިއެވެ.

“އަހަރެން ވެސް އެހާ ބޮޑަކަށް ހަނދާނެއް ނުހުރޭ ޔަލާ…”

“އަމިއްލަ ރަށް މީ… އެކަމަކު މިހާ ދުވަސްކޮށްފައި އައީމަ ހީވަނީ ބީރަށްޓެހި މާޙައުލަކަށް އާދެވިގެން އުޅޭހެން. ކުރީގެ ރައްޓެހި ރަޙުމަތްތެރިންނާއި ތިމާގެ މީހުން ވަކި ކުރާކަށް ނޭނގޭ…”

“ތީ ދުވަސްކޮޅެއްގެ ބީރައްޓެހިކަމެއް… ދެތިން ދުވަސް މިކޮޅުގައި އުޅެލާއިރަށް ރަށަށް ގަދަވެދާނެ” ދަޔާންގެ ގާތުގައި ސޯޓުގެ އަރިމަތީ ޖީބަށް ދެއަތް ޖަހާލައިގެން ހުރެ ރާވީ ބުނެލިއެވެ.

“ތީ ކޮންގެއަކު ކުއްޖެއްތަ؟ އަނެއްކާ ރާމިޒައްތަމެންނާ ތިމާގެ ކުއްޖަކީތަ؟” ޔަލާއަށް އޭނާއާ ވާހަކަދެއްކީ ރާވީކަން އެނގޭއިރު ވެސް ނޭނގޭ ކަމަށް ހަދާފައި ސުވާލުކޮށްލިއެވެ. އޭރު އޭނާގެ ހަރަކާތްތަކަށް ބަލަން ތަންކޮޅެއް ދުރުގައި ހުރި ރުކެއްގައި ލެނގިލައިގެން ލުހާ ހުއްޓެވެ.

ދަޔާންއަށް ވުރެ ގިނައިން ރާވީ ވާހަކަ ދެއްކިއެވެ. އިސާހިތަކު ޔަލާއަކީ އެމީހުންގެ ރައްޓެއްސަކަށް ވެއްޖެއެވެ. އަދި ދެން ވެސް ދަތުރުގައި ބައިވެރިވި މީހުންނާ ވާހަކަދައްކައި އެމީހުން ދަސްކުރަން ޔަލާ އުޅުނެވެ. ހިޔާ އެޅިފައި އޮތް ހިސާބުގައި ޖޯލިފަތި ބަހައްޓާލުމުން އެންމެންހެން އޭގައި އިށީނުމަށް އުޅުނެވެ. ޔަލާގެ ފަހަތުން ލުހާ އުޅޭއިރު އެ ދެބެން އުޅުނީ އެކި މީހުންނާއެކު ފޮޓޯ ނެގޭތޯއެވެ. އެހެން އުޅުމުގެ ތެރޭގައި ދަޔާންގެ ގާތުގައި ޖެހިގެން ހުރި ޖޯލީގައި ލުހާ ބައިންދާފައި އޭނާގެ ފޮޓޯއެއް ނަގާކަމަށް ހަދާފައި އެ ދެމީހުންގެ ފޮޓޯއެއް ވެސް ޔަލާ ނެގިއެވެ.

މެންދުރަށް ބަތްގަނޑެއް ހެދުމުގެ މަސައްކަތުގައި ރާމިޒާއާއި ޞާބިރާ އުޅެއެވެ. ހުރިހާ ޒުވާނުންތައް މޫދަށް އެރި ތިއްބެވެ. ދެ ޓީމަކަށް ބަހާލައިގެން މޫދުގައި ބޯޅަ ކުޅުމުގައި އުޅެމުންދިޔައިރު ވަގުތު ދިޔަ ގޮތް ވެސް އެއިން މީހަކަށް ނޭނގެއެވެ. އަކުނިވަޔަށްދަމައިގަނެގެން ރާވީގެ އެހީގައި ޔަލާ މޫދުން އަރާ ވެލިގަނޑުމަތީ އިށީނދެގެން އިނެވެ. އޭރު ރާވީ އޭނާގެ ފައިތިލައަށް ދަމާލަމުން އަދިވެސް ތަދުވޭތޯ ސުވާލުކުރެއެވެ.

“އިޓްސް އޯކޭ ނައު… ރާވީ ދޭ އެމީހުންނާއެކު ކުޅެން. އަހަރެން މިދަނީ މަންމަމެން ކައިރިއަށް… އިރުކޮޅަކުން މަވެސް ދާނަން” ޔަލާއަށް ނޭނގުނެއްކަމަކު އޭނާ އިސްވެ ދަޔާންއާ ވާހަކަދެއްކީސުރެ ރާވީގެ ސަމާލުކަން ވަނީ ޔަލާއަށް ހުއްޓިފައެވެ. އޭނާ ޔަލާއަށް ޚާއްޞަކަމެއް ދޭހެން ހީވި ނަމަވެސް އެކަމާ ޔަލާ ވިސްނަން ބޭނުންނުވަނީއެވެ. ދަޔާންއާއި ރާވީއަކީ އޭނާއަށްވުރެ އުމުރުން ހަގު ދެ ކުދިންނަށް ވާތީއެވެ. އޭނާގެ ފަރާތުން ނުބައި މެސެޖެއް މީހަކަށް ނުދީވޭތޯ ޔަލާ ބެލިއެވެ.

ބޮލުގެ ފުށްކިބައިގައި އަތްހާކާލާ ފެންތައް ފޮޅާލުމާއެކު ރާވީ މޫދަށް އެރެން ދުވެލައިފައި ދިޔައެވެ. ޔަލާ ވެސް ވެލިގަނޑުމަތިން ތެދުވެ ރާޅުޖަހާ ހިސާބަށް އައިސް އަތްފައި ލޮނުން ދޮވެލައިގެން ވަށައިގެން ނަޒަރު ހިންގާލިއެވެ. އެ މީހުންނޫނީ އެހިސާބުގައި ބަޔަކު ނޫޅެއެވެ. ނަމަވެސް ތުނޑިއާ ދިމާއަށް ހިނގަމުން ދިޔައިރު ތުނޑީކޮޅުގައި ދެ ޒުވާނުން އުޅޭހެން ޔަލާއަށް ހީވިއެވެ. ދިގުކޮށް ހިކިފައި އޮތް ތުނޑިއެކެވެ. އެހެންނަމަވެސް ދިޔަވަރު ބޮޑުކަމުން ތުނޑީގެ މެދެއްހާ ހިސާބު ދެ ފަރާތުން ރާޅުއަރާ ފަޅިކޮށްލާފައި އޮތް ކަހަލައެވެ. އެތަނުގެ ފުންމިނެއް ޔަލާއަށް އަންދާޒާކުރާކަށް ނޭނގެއެވެ. އަނެއްކޮޅުން މީހަކާ ނުލާ އެކަނި މޫދަށް އެރުމަކީ ޔަލާއަށް ކުރަން ކެރޭވަރުގެ ކަމެއް ނޫނެވެ. މަޑުމަޑުން ހިނގަމުން އައިސް ތުނޑިއަށް ލޮނުއަރާފައި އޮތް ހިސާބު ފެންނަ ފަށުގައި މަޑުކޮށްލައިގެން ޔަލާ ހުއްޓެވެ. އެހެން ހުއްޓާ އޭނާގެ ލޮލުގައި އަޅައިގަތީ ހުދާއި ނޫކުލައިގެ ސާފުބޯޑެވެ. އެއާއެކު ހަނދާނަށް އައީ އޭނާ ރަށަށް އައިސް ގެއަށް ދިއުމަށްޓަކައި ކާރަށް އެރި ވަގުތު މީހަކު އޭނާގެ މޫނަށް ފެންފޮޅާލާފައި ދިޔަ ގޮތެވެ. އެއީ ކާކުކަން ޔަލާއަށް ނޭނގުނީ އޭނާގެ މޫނު ނުފެންނާތިއެވެ. އެހެންނަމަވެސް އޭނާގެ އަތުގައި އޮތް ސާފުބޯޑު ޔަލާ ދުށްޓެވެ.

“ސާފްބޯޑު ހިފައިގެން އެތަނުގައި ކީއްކުރަނީބާ؟ މީ ރާޅު ނަގައި ސަރަޙައްދެއް ވެސް ނޫން” އުނަގަނޑުގައި އެއްއަތް އަޅުވާލަމުން އަނެއްއަތް ލޯމަތީ ޖައްސާލަމުން ލޯހިމަކަށް ދުރަށް ބަލަންހުރެ ޔަލާ ބުނެލިއެވެ.

“ހޫ ކެއަރސް…. ކޮންމެ ގޮތެއްވިޔަސް އެ ސާފުބޯޑުގައިވާ ކުރެހުން ވަރަށް ސަޅި… އޭގެ ފޮޓޯއެއް ނެގޭނަމަ” ޔަލާ އޭނާގެ އަމިއްލަ ނަފްސާ ވާހަކަދެއްކިއެވެ. އަދި ކުއްލިއަކަށް ސިކުނޑިއަށް ވަން ޚިޔާލާއެކު ދުވެފައި އައިސް ޞާބިރާމެން ކައިރީ ހުރި ޕްލާސްޓިކު ގޮނޑިތަކުން ގޮނޑިއެއްގެ މަތިން ޔަލާގެ ދަބަސްނެގިއެވެ. އަދި އޭގައި އޮތް ފޯނު ހިފައިގެން އަނެއްކާ ދުއްވައިގަތެވެ.

“ވަޓް…. ކޮންތާކަށް އެމީހުން އެ ދިޔައީ…” ތުނޑީކޮޅުގައި އުޅުނު މީހުންގެ ފޮޓޯއެއް ނެގުމަށް ޔަލާ އައިއިރު އެތަނުގައި އެމީހުންނެއް ނެތެވެ. ވަށައިގެން ހޯދާ ހޯދާ ވެސް އެމީހުން ދާނޭތަނެއް ޔަލާއަކަށް ނުފެނުނެވެ. އިރުކޮޅަކު މަޑުކޮށްލުމާއެކު ފޯނުން ޒޫމްކޮށްގެން ވެސް ބެލިއެވެ. ނަމަވެސް މީހެއްގެ ހިލަމެއް ނުވުމުން އެނބުރި ޞާބިރާމެންގެ ކައިރިއަށް އޭނާ އައެވެ.

ދަތުރުގެ ކަންކަން ނިންމާލާފައި އެނބުރި ގެއަށް އާދެވުނީ ހަވީރު ފަހެއް ޖެހިފަހުންނެވެ. އެންމެން ވެސް އެދެމުން ދިޔައީ އެ ފަދަ ދަތުރެއް އަދި ރާވަން ވާނެކަމަށެވެ. އެންމެނަށް ވެސް ތިބީ މަޖާ ވެފައެވެ. ގެއަށް އައިސް ފެންވަރާލައިގެން ނުކުތް ގޮތަށް ޔަލާ ވެފައި ހުރި ވަރުކަމާއެކު ކޮޓަރިން ބޭރަކަށް ނުނިކުމެވުނެވެ. ރޭގައި ރަނގަޅަށް ނިދި ނުލިބުމުގެ ސަބަބުން އޭނާއަށް ނިދޭކަށް ގިނައިރެއް ނުނެގިއެވެ.

ދެއަތަށް ފުރޮޅިލާފައި ކުއްލިއަކަށް ފުންމައިގެން ޔަލާ ތެދުވިއެވެ. އޭރު މާނޭވާ ލެވެނީއެވެ. އޭނާގެ ހިތްބާރަށް ތެޅެމުންދާތީ މޭގައި މަޑުމަޑުން އަތްޖައްސާލެވުނެވެ. އަދި ނޭވާ ހަމައަކަށް އަޅުވަން މަސައްކަތްކުރިއެވެ. އޭސީގެ ފިނިކަމުން ޔަލާގެ ކަރުތެރެ އެކީހެން ވަނީ ހިކިފައެވެ. އެހެންވެ ހިކި ކެއްސުމެއް ކެއްސާލާފައި އޭނާ އަވަސްވެގަތީ ފެންފޮދެއް ބޯލުމަށެވެ. ނަމަވެސް ކޮޓަރިތެރޭގައި ފެންފުޅިއެއްހާ ހިސާބު ވެސް ނެތެވެ. ފުންނޭވާއެއް ބޭރުކޮށްލުމާއެކު ފޯނުވީތަނެއް ޔަލާ ހޯދާލިއެވެ. ކޮޓަރީގައި ހުރި ގޮނޑިމައްޗަށް ދަތުރުދިޔަ ދަބަސް އެއްލާފައި އޮތް އިރު އޭގެ މަތީ ފޯނު އޮތެވެ. ނަމަވެސް ފޯނު އޮތީ ޗާޖު ހުސްވެގެން ނިވިފައެވެ. ފޯނާއި ޗާޖަރު ހިފައިގެން ޔަލާ ކޮޓަރިން ނުކުތެވެ. މުޅި ދުނިޔެ އަނދިރިވުމުގެ އިތުރުން ހިމޭންވެފައި އޮތްކަން ޔަލާއަށް އިހުސާސްކުރެވުނެވެ. ގަޑިން ވީއިރެއް ބަލަން އޭނާ ބޭނުންވީ އެހެންވެއެވެ. ސިޑިން ފައިބައިގެން އައިސް ސިޓިންރޫމު ފާރުގައި ހުރި ގަޑިއަށް ބަލާލި އިރު ތިނެއްޖަހައި ދިޔައީއެވެ. މަޑު އާހަކާއެކު ޔަލާ އޭނާގެ ބަނޑުގައި އަތް ހާކާލިއެވެ. ބަނޑުހައި ވެފައި ހުރިކަން އިހުސާސްވީ ވެސް ދެނެވެ.

ޓީވީ ރެކުމަތީ ފޯނު ބާއްޕާލާފައި ޗާޖަރު ފާރުގައި ހުރި ސޮކެޓުބޯޑަށް ޖަހާލިއެވެ. އެއާއެކު އަވަސް ފިޔަވަޅުގައި ޔަލާ އައިސް ވަނީ ބަދިގެއަށެވެ. ފާރުގައި އަތްހާކަމުން ސުވިޗު ބޯޑު ހޯދާލުމަށްފަހު އެއްކޮށް އަނދިރިވެފައި އޮތް ބަދިގޭގެ ލައިޓު ޖައްސާލިއެވެ. އުނދުންމަތީ ހުރި ތެލިތަކުގެ މަތި ނަގާ ބަލާލިއިރު ރިހަކޮޅެއް ފިޔަވައި  ދެން ހުރީ ހުސްކޮށް ހުރި ދެ ތެއްޔެވެ. މާޔޫސްވެފައި ހުރެ އައިސްއަލަމާރި ހުޅުވާލީ ކަރުތެރެ ތެތްމާލުމަށް އިހަށް ފެންފޮދެއް ބޯލާށެވެ. ފެންފުޅި ނަގައިގެން ފެންފޮދެއް ބޯލާފައި ޔަލާ ނިންމީ އައިސްއަލަމާރީގައި ހުރި ބިސްތަކުން ބިހެއްގައި ބިސްގަނޑެއް އެޅުމަށެވެ. އެހެންވެ ފެންފުޅި އައިސް އަލަމާރިއަށް ލާފައި ދެ ބިސް ނަގައިގެން އައިސް ބިސްގަނޑެއް އަޅާލިއެވެ. ހަމައެއާއެކު ކޮފީތަށްޓެއް ވެސް ހެދިއެވެ. ބިސްގަނޑާއި ކޮފީތަށި ހިފައިގެން ޔަލާ އައިސް ސިޓިންރޫމުގައި ހަމަޖެހިލާފައި ޓީވީ ހުޅުވާލިއެވެ.

ފަތިސް ނަމާދަށް ތެދުވި ޞާބިރާއަށް ސިޓިންރޫމު ތެރެއިން ޓީވީ ހުޅުވާފައި ހުރި އަޑުއިވޭތީ ނުކުމެ ބަލާލިއެވެ. ކޮޓަރި ދޮރުމަތީ ހުރެ ބަލާލުމުން މީހަކު ނުފެނުނެވެ. އެހެންވެ ހިނގައިގަތީ ޓީވީ ނިއްވާލުމަށެވެ. ސޯފާއާ ކައިރިވެލިއިރު ޔަލާ ސޯފާގައި އޮށޯވެލައިގެން އޮތެވެ. ސޯފާކުރިމަތީ ހުރި ކުޑަ މޭޒުގައި ޔަލާ ކޮފީ ބުއި މަގާއި ބިސްގަނޑު ލައިގެން ގެނައި ތަށި ހުއްޓެވެ.

“މަންމާ” ސޯފާގެ ކައިރިން މީހެއްގެ ހިލަމެއްވުމާއެކު ސިއްސައިގެން ގޮސް ޔަލާ ބަލާލިއެވެ.

“މަންމަ ހީކުރީ އެކަކު ވެސް ނެތްކަމަށް، އެހެންވެ ޓީވީ ނިއްވާލަން މިއައީ”

“ވަރުބަލިވެފައި ހުރިވަރުން ނުހޭލެވުނީ… ބަނޑުހައިވެގެން ކާނެއެއްޗެއް ނެތީމަ ބިސްގަނޑަކާއި ކޮފީއެއް ހަދާލީ”

“ދަތުރު ދިޔައިރު ހެދި އެއްޗެހި ބާކީވެފައި ހުރީމަ ރޭގައި ކެއީ އެޔާ… މަންމަ ހިޔެއްނުކުރަން ޔަލާ ފަހުން ހޭލާނެކަމަކަށް، ދެން ދޭ ފަތިސް ނަމާދުކޮށްލަން، މަންމަ ނަމާދުކޮށްލައިގެން ނުކުމެ ކާއެއްޗެއް ތައްޔާރުކޮށްދޭނަން”

“ދެން ހެނދުނު ސައި ބޯނީ…” ސޯފާއިން ތެދުވަމުން ޔަލާ ބުނެލިއެވެ.

ހެނދު ހަތްގަޑިބައިވިއިރު ލުހާ އޮފީހަށް ދިއުމަށް ތައްޔާރުވެގެން އައިސް ބަދިގެއަށް ވަނީ ސައިބޯށެވެ. އަތްމަތި އަވަސްކޮށްލާފައި އޭނާ ހުރިއިރު މޭޒު ދޮށުގައި ޔަލާ މަޑުމަޑުން އިނެވެ. ޞާބިރާ ވެސް ލުހާއަށް ފަސޭހަކޮށްދޭން ސައިތަށި ހަދައިދީގެން ގެނެސް މޭޒުމަތީ ބެހެއްޓިއެވެ. އަދި ފެންފުޅިން ބިއްލޫރި ތަށްޓަށް ފެންއަޅައި ލުހާއާ ކައިރިކޮށްލިއެވެ.

“ލުހާ… އަވަސްއަވަހަށް ނުދިރުވަބަލަ… ކަރުގައި އަޅައިގަނެދާނެ” ލުހާ އަވަސްކޮށްލާފައި ހުރިވަރު ފެނިފައި ޞާބިރާ ބުނެލިއެވެ.

“މަންމާ ގަޑިޖެހެނީ… އަދި ކައިރި ހިސާބަކަށް ނޫން ދާންޖެހެނީ، ނަވާޛުބެ ވެސް ކޮބާތަ؟” ލުހާ އަނގަފުރައިގެން އިނދެ ވާހަކަދެއްކިއެވެ. ހަމަ އެވަގުތު ގޭ ދޮރުމަތިން ކާރެއްގެ ބަރުގޮނުގެ އަޑުއިވުނެވެ.

“އެ އައީ ނަވާޛު… ޔަލާ. ދަރިފުޅު ދޭބަލަ ނަވާޛުބެ ގާތު ލުހާ އެބަ ނުކުމެޔޭ ބުނަން” ޞާބިރާ ބުނެލިއެވެ. އެއާއެކު ޔަލާ ވަގުތުން ތެދުވެގެން ހިނގައިގަތެވެ.

ލުހާ ނުކުތީ ދޮރޯށި ދޮށުގައި ނަވާޛުއާ ވާހަކަދައްކަން ޔަލާ ހުއްޓައެވެ. އޭނާ ނުކުތުމާއެކު ޔާލާގެ ގައިގާ ބައްދާލާފައި ލަސްވަނީއޭ ކިޔާ ތެޅިގަތެވެ. އަދި އަވަހަށް ކާރަށް އަރަމުން ދޮރުފަތް ލައްޕާލަމުން ޔަލާއަށް ގުޅާނަން ކަމުގައި ލުހާ ބުނެލިއެވެ. ނަވާޛު ވެސް ޔަލާއަށް ބަލާލަމުން ހިނިތުންވެލާފައި ބޯޖަހާލަމުން ކާރު ދުއްވާލިއެވެ.

“ކޮބާ ލުހާ ދިޔައީތަ؟ އެއީ އެކުއްޖާގެ އާދަ… ޔާލްއަށް ދެން ފެންނާނެ އޭނާ ހެނދުނު އުޅޭ ގޮތް” ޔަލާ އެނބުރި އައިސް ބަދިގެއަށް ވަނުމުން ޞާބިރާ ވާހަކަދެއްކިއެވެ.

“އެއަރޕޯޓު ހުޅުވަންވާއިރަށް އެތަނުން ވަޒީފާތަކަށް ޢިއުލާންކޮށްފައި އޮތް ވާހަކަ ލުހާ ބުނި” ޞާބިރާގެ ވާހަކައަށް ހީނލާފައި ޔަލާ ބުނެލިއެވެ.

“ޔާލް ކީއްކުރަން އެތަނަށް ކުރިމަތިލަނީ، ދަރިފުޅުގެ ބޭނުން އެންމެ ބޮޑުވާނީ ހޮސްޕިޓަލްގައެއްނު” ސައިމޭޒުމަތި ސާފުކުރަމުން ދިޔަ ޞާބިރާ ހައިރާންވެފައި ޔަލާއަށް ބަލަން ހުއްޓެވެ.

“ލުހާ އެތަނަށް ކުރިމަތިލާން އުޅެނީ، ސަރުކާރުގެ ސްކޮލަރޝިޕެއްވީމަ ކިޔަވައިގެން އައިސް އެމީހުންނަށް ޚިދުމަތްކޮށްދޭން ޖެހޭ ވަކި މުއްދަތެއްވަންދެން، އެހެންވީމަ އަހަންނަކަށްނެތް އެހެން ދިމާއަކަށް ދެވޭކަށް، މިކޮޅަށް މިއައީ އެ ހުރިހާ ކަމެއް ހަމަޖައްސާފައި، މި ކޮޅު ހޮސްޕިޓަލުން ވަޒީފާ ހަމަޖައްސައިދީފައި އޮތީ، އެކަމަކު ބުނި ޑިއުޓީއަށް ނުކުނަންޖެހޭ ދުވަހެއް އަންގަން މިކޮޅުން ގުޅާނެ ވާހަކަ، ހީވަނީ އަދި ލިޔުން މާލޭން ނުފޮނުވާހެން، އެހެންވިޔަސް މިއަދު ދާނަން ހޮސްޕިޓަލުގައި މިހާރު ހުރި ބޮޑުމީހާއާ ބައްދަލުކުރަން… ކަމެއް ނެތިފައި މިގޮތަށް ގޭގައި ހުންނަންވީމަ ވަރަށް ފޫހިވާނެ” މޭޒުމަތީ ހުރި ބިއްލޫރިތަށްޓާ ކުޅެމުން ޔަލާ ވާހަކަދެއްކިއެވެ.

“އާން! ތީ އެންމެ ރަނގަޅު ގޮތް… އެ މީހުންގެ ޚަބަރެއް ވަންދެން މަޑުކުރަންޏާ ކިތަންމެ ދުވަހަކު ވެސް މަޑުކުރަން ޖެހިދާނެ. ދަރިފުޅު ގެންގޮސްދޭން ނަވާޛުބެ ގާތުގައި މަންމަ ބުނާނަން”

“މަންމާ، ނަވާޛުބެއަށް އުނދަގުލެއްނުވާނެތަ އަހަރުމެން އިރުއިރުކޮޅާ ގުޅަންޏާ”

“ނަވާޛަކީ އެކަހަލަ މީހެއްނޫން، ވަރަށް ރަނގަޅުވާނެ… އަނެއްކާ ނަވާޛު ގިނަ ވަގުތު އުޅޭނީ ރަށުގައި ޓެކްސީ ކުރަން، އެހެންނޫނީ ފިހާރައިގެ ކަންކަން ބަލަން، ރައްޔާ ރޭގައި ދަމުން ބުނި މިއަދު ގެއަށް އަންނާނަމޭ.. ޔާލް އެކަނި ހުންނަންވީމާ ފޫހިވާނޭ ނޫންހޭ…”

“ދޮންތަ ޖޮބުން ކެނޑުނީތަ؟” ޔަލާ ހައިރާންވިއެވެ.

“އަމަން ލިބުނީމަ ކެނޑުނީ، މަންމަ ބުނިން ނުކެނޑޭށޭ ވެސް… އަމަން ބަލައިދީފާނަމޭ ވެސް… އެކަމަކު ރައްޔާއަށް އެގޮތެއް ކަމަކު ނުދިޔަ، ދަރިފުޅު ބަލަން ގޭގައި ހުންނަން އޭނާ ބޭނުންވަނީ… ހިނގާ ބޭރަށް… މަންމަ މިދަނީ ގަސްތަކަށް ފެންދޭން” ވާހަކައިގައި ހުރެ ބަދިގޭގެ ކަންކަން ނިންމާލުމަށްފަހު ޞާބިރާ ނުކުންނަން ހިނގައިގަތެވެ. އޭނާގެ ފަހަތުން ޔަލާ ވެސް ތެދުވެ ކާމޭޒުދަށަށް ގޮނޑި ވައްދާލާފައި ހިނގައިގަތެވެ.

“ލުހާ ބުނި މަންމައަކީ މިހާރު މިކޮޅު އަވަށުގެ އަންހެނުންގެ ކޮމިޓީގެ ނައިބުރައީސްއޭ” ސިޓިންރޫމު ތެރެއިންލާފައި ގޯތިތެރެއަށް ނުކުންނަން ދިޔަ ޔަލާ ބުނެލިއެވެ.

“މަންމަ ވެސް ގޭގައި އަބަދު ނުހުންނަންވެގެން އެތަނަށް ވަނީ، އެ މަޤާމަށް މަންމަގެ ނަން ފޮނުވީ އެތަނުގައި އުޅޭ މީހުން، އެމީހުން މަންމަ ހޮވާފައި މިހިރީ… ދެން ޖެހޭނީ އެމީހުން ބުނާގޮތަކަށް ކަންތައް ކުރާކަންނު” ޞާބިރާ މިހެން ބުނެ ހީނލިއެވެ.

ގޯތިތެރޭގައި އިންދާފައި ހުރި ތަފާތު ގަސްތަކަށް ފެންދޭން ޞާބިރާ އުޅުނުއިރު އެ ރީތި ބަގީޗާގައި ހުރި ގަސްތައް ބަލަމުން އެއީ ކޮންކަހަލަ ގަހެއްތޯ އޮޅުންފިލުވަމުން ޔަލާ ދިޔައެވެ. އެއްވެސް ފޫހިކަމެއްނެތި ޞާބިރާ އޭނާގެ ދަރިފުޅާ ވާހަކަދައްކަމުން ދިޔައެވެ. އެތައް އަހަރުތަކެއް ދުރުގައި ހުރުމަށްފަހު އޭނާގެ ގާތަށް ޔަލާ އައުންވީ ދުލުން ބަޔާން ކުރަން ދަތި އުފާވެރިކަމާއި ހިތްހަމަޖެހުމެއް އޭނާއަށް ލިބިގެން ދިޔަ ކަމަކަށެވެ. އަނެއްކޮޅުން ޞާބިރާއަކީ ދަރިންދެކެ އިންތިހާއަށް ލޯބިވާ މައެކެވެ. އޭނާގެ ދަރިންގެ ވާހަކަތައް އަބަދުވެސް އަޑުއަހައެވެ. ދެމައިން ގޯތިތެރޭގައި އުޅެނިކޮށް ދޮރޯށި ހުޅުވާލައިފައި ސަލާމްގޮވަމުން އެތެރެއަށް ވަދެގެން އައީ ސިތާރާއެވެ.

“ހާދަ ހެނދުނަކާ ނިދަން ނޯވެވިގެން ތި އައީ؟” ޞާބިރާ ސަލާމް ބަލައިގެންފައި ސިތާރާއަށް ދިމާކޮށްލާ ފަދަ ގޮތަކަށް ބުނެލިއެވެ.

“މިހާރު މިއޮތީ ގުރޫޕު ހަމަވެފައި، އެހެންވީމަ ދެން ގިނައިން ގިނައިން މިގެއަށް އާދެވޭނެއެއްނު” ސިތާރާ އައިގޮތަށް އައިސް ބިލިމަގު ގަހުން ބިލިމަގެއް ވަކިކޮށްލުމާއެކު ޞާބިރާ ފެންދޭން ގެންގުޅުނު ހޮޅިއާ ދިމާކޮށްލައިގެން ހުރެ ވާހަކަދެއްކިއެވެ.

“މިހާ ހެނދުނާ ތިހުތްގަނޑު ނުކައިބަލަ” ސިތާރާގެ އަނގަޔަށް ބިލިމަގުލާފައި ހަދާލި ގޮތަކުން ޞާބިރާގެ ދަތްމަޑުވެގެން ބުނެލިއެވެ. ޞާބިރާއަށް ވީގޮތް ފެނިފައި ޔަލާއާއި ސިތާރާ ނިކަން ބާރަށް ހޭންފެށިއެވެ.

“އޭތް ކުއްޖާ! ދަޔާން އަހައިފި ނެގި ފޮޓޯތަކަކީ ކޮންދުވަހަކުން ލިބޭނޭ ފޮޓޯތަކެއްހޯ… މަ މިއައީ ބުނެފައި ގަރުނެއްފަހުން ދުނިޔޭގައި ހުރިއްޔާޔޭ…” އަނެއްކާ ވެސް ސިތާރާ ހޭންފެށިއެވެ. އަދި އައިސް ގޯތިތެރޭގައި ހުރި ޖޯލިފަތީގައި އިށީނެވެ. އޭނާގެ ވާހަކައަށް ޔަލާ ބަދަލުކޮށްލީ ހިނިތުންވުމެކެވެ.

“ސިތާރައްތަ ޑިއުޓީއަށް ދާންޖެހެނީ ކިހާއިރަކު” ޔަލާ އައިސް ސިތާރާއާ ޖެހިގެން ހުރި ޖޯލީގައި އިށީންނަމުން ސުވާލުކޮށްލިއެވެ.

“ދަންވަރު ހަފްތާ މީ، ކިހިނެއްވީ އަނެއްކާ” ޔަލާ އަހާލިލެއް ސީރިއަސްކަމުން ސިތާރާ ވެސް ސީރިއަސްވެލިއެވެ.

“ހޮސްޕިޓަލަށްދާން މިއުޅެނީ، އެތަނުގެ ކަންކަން އެނގޭ މީހަކު ގޮވައިގެން ދިއުން ރަނގަޅުވާނެކަމަށް ވިސްނާފަ މިއަހާލީ”

“އައްދޭ! ތީ އެއްވެސް ކަމެއް ނޫނެއްނު، ދާންވީމަ ބުނޭ…” ސިތާރާ ބުނެލިއެވެ.

ދިހަގަޑިބައިވިފަހުން ނާވާޛާއެކު ކާރުގައި ޔަލާއާއި ސިތާރާ އައިސް ހޮސްޕިޓަލުގެ ކުރިމައްޗަށް ފޭބިއެވެ. އެއާއެކު ޔަލާއަށް ނަވާޛު ގޮވާލާފައި އެ މީހުން އައިކަންތައް ނިމުނީމާ އޭނާއަށް ގުޅުމަށް ބުނެލިއެވެ. ޔަލާ ބޯޖަހާލާފައި ސިތާރާއާއިއެކު އެތެރެއަށް ހިނގައިގަތެވެ.

ހޮސްޕިޓަލުގެ ބޮޑު ދޮރު ދެފަރާތަށް ކެހިގެން ދިއުމާއެކު އެންމެ ފުރަތަމަ ވެސް ފެނިގެން ދިޔައީ ހަތަރުކުދިން މަޑުކޮށްލައިގެން ތިބި ރެސެޕްޝަން ކައުންޓަރެވެ. އެތަނުން ކުއްޖަކު ސިތާރާ ފެނުމާއެކު ނިކަން ހިނިއައިސްފައި އަތްހޫރާލައިފިއެވެ. އޭނާގެ ގާތަށް ސިތާރާ އައިސް މަޑުކޮށްލުމާއެކު އޭނާ ޔަލާ ދައްކާލިއެވެ.

“މީ އަހަރެންގެ ކޮއްކޮއެއް އިނގޭ… ވަރަށް އަވަހަށް މިތަނަށް އަންނަން އުޅޭ ޑޮކްޓަރެއް” ފޮނިވެލާފައި ސިތާރާ ބުނެލިއެވެ. ޔަލާ ރަކިގޮތަކަށް ހިނިތުންވެލައިގެން ހުއްޓެވެ.

ހޮސްޕިޓަލްގެ ސީއީއޯއާ ބައްދަލުކުރަން އޭނާގެ ކޮޓަރިއާ ހަމައަށް ދެވެންދެން ސިތާރާ ދަންނަ ކޮންމެ މީހަކު ގާތުގައި އޭނާ ދިޔައީ ފޮނިކަނޑަމުންނެވެ. އެހެން ނުހެދުމަށް ޔަލާ ބުނުމުން ވެސް ސިތާރާއަށް ހުއްޓައެއް ނުލެވުނެވެ. އޭނާގެ ޠަބީޢަތުގައި ހުރި ކަމެއް ކަހަލައެވެ. ނޫނީ އޭނާ ހަޤީޤަތުގައި ޔަލާއާ މެދު ފަޚުރުވެރިވަނީއެވެ.

“ޔާލް ވަދެފައި ނުކުންނަންދެން ސިތާރައްތަ ނަރުސް ކައުންޓަރު ކައިރީ މަޑުކޮށްލާނަން” ސީއީއޯގެ ކޮޓަރިކޮޅަށް ވަންނަން އޭނާގެ އެސިސްޓެންޓު ގޮވާލުމާއެކު ސިތާރާ ބުނެލިއެވެ. ފުންނޭވާއެއްލާފައި ޔަލާ ބޯޖަހާލިއެވެ. އަދި އެތެރެއަށް ވަދެގެން ދިޔައެވެ.

ބައިގަޑިއިރެއްހާއިރު ޔަލާ އެތެރޭގައި އުޅެފައި ނުކުތެވެ. އޭރު ސިތާރާ ހުރީ ސީއީއޯ ދެއްކި ވާހަކައެއް އޮޅުން ފިލުވުމަށް ކެތްމަދުވެފައެވެ. ޔަލާއަށް ސިތާރާއާ ހަމައަށް ނާދެވިގެން އުޅެނިކޮށް އޭނާ ދުވެފައި އައިސް ޔަލާގެ ގާތުގައި މަޑުކޮށްލިއެވެ. އަދި ޔަލާގެ އަތުގައި ހިފާލަމުން އެއްފަރާތްކޮށްލާފައި ސިއްރުން ވާހަކަދައްކަންފެށިއެވެ.

“ސީއީއޯ ޝީޔާރުގެ އިތުރުން، ޑެޕިއުޓީ ސީއީއޯ ރީހާން ވެސް އިންނެވި، އަދި ވިދާޅުވި ކޮންމެވެސް ވިޖޭއެކޭ ހަވާލުވެގެން އެންމެ އިސްކޮށް ހުންނަވާނީ، ވަޒީފާއަށް ނުކުންނަންވީ ދުވަހެއް ވިދާޅެއްނުވޭ… ވިދާޅުވީ މާލެއިން ވަކި އެއްޗެއް އަންގައިފައިނުވާކަމަށް، އެކަމަކު މިކޮޅުން އެކަން ބަލައިދެއްވާނެކަމަށް ޝީޔާރު ވިދާޅުވި”

“ހުއް! ތިހާ ރީތިކޮށް ވާހަކަދައްކާނީ އެމީހުންގެ ކުރިމަތީގައި… އެހެންނޫނަސް ތި ޝިޔާރަކީ ވަރަށް ފޫހި މީހާގަނޑެއް، އެބުނާ ވިޖޭއެއް އެނގޭ، އޭނާ ވަރަށް ނައިސްވާނެ… އެއީ މިތާ އުޅޭ ޑޮކްޓަރުންގެ ހެޑް، ޑިޕާޓްމެންޓް ހެޑުންގެ ވާހަކައެއް ނުބުނޭތަ؟”

“ދެން އެ ހުރިހާ މީހުންނާ ބައްދަލުވުން އޮންނާނީ ވަޒީފާއަށް ނުކުންނަން ޖެހުނީމަތާ”

“އާން! ދޯ! އޭތް! ރީހާން ސަޅި ދޯ” ޔަލާގެ އަތުގައި ހިފާލައިގެން ހުރެ ކުރިއަށް ހިނގަމުން ދިޔަ ސިތާރާ ކުއްލިއަކަށް ހުއްޓިފައި ޔަލާގެ މޫނަށް ބަލާލަމުން އަހާލިއެވެ.

“އެތަނުން އެކަކު ވެސް ހުތުރެއްނޫން… ރީހާން ތަންކޮޅެއް ޒުވާނީ އެހެންމީހުންނާ ބަލާފައި” ސިތާރާގެ ސިކުނޑީގައިވަނީ ކީކޭކަން އެނގިގެން ޔަލާ ހީނލިއެވެ.

“ހިނގާބަލަ ސިތާރައްތަގެ ސެކްޝަން ކުދިންނާ މީޓުކޮށްލަން” ސިތާރާ ބުނެލިއެވެ. އޭނާއަކީ ހޮސްޕިޓަލުގެ ސީނިއަރ ނަރުހެކެވެ. އެތަނުގައި މަސައްކަތްކުރާތާ ނުވަ އަހަރުވަނީއެވެ. މީހުންނަށް އެހާ ހެޔޮވެފައި އޯގާތެރިއެވެ. ނަމަވެސް ޝީޔާރު ފެނުމުން އޭނާގެ މުޅި ޠަބީޢަތަށް ބަދަލު އާދެއެވެ. ޔަލާއަށް ވެސް ނަޞޭހަތްތެރިވީ އެ ޝީޔާރުއާ ވީހާ ވެސް ދުރުގައި އުޅުމަށެވެ.

މެންދުރުގެ ބްރޭކްގަޑީގައި ލުހާ ގުޅިއިރު ޔަލާއާއި ސިތާރާ ހޮސްޕިޓަލުގައި އުޅޭކަން އެނގިގެން އޭނާ އެދުނީ ކައުންސިލް އޮފީސް ދޮށަށް އައުމަށެވެ. އެތަނަށް ޔަލާމެންނަށް އާދެވުނު އިރު ލުހާ ހުރީ އޮފީހުގެ ކުޑަދޮރުގައި ހަރުކޮށްފައި ހުރި ބްލައިންޑްސްގެ ދޭތެރެއިން ބަލާށެވެ. ޔަލާމެން ފެނުމާއެކު އޭނާ އަވަސްއަވަހަށް ގޮނޑީގެ އަތްގަނޑުގައި އަޅުވާފައި އޮތް އޭނާގެ އަތްދަބަސްނަގައިގެން އޮފީހުން ނުކުންނަން ދިޔައެވެ. ހަމައެއާއެކު އޮފީހުގެ މޭޒެއްގެ ދޮށުގައި އިން އަންހެންކުއްޖަކަށް ހަނާ އަޅާލާފައި އޭނާ ބްރޭކަށް ދަނީ ކަމުގައި ބުނެލިއެވެ.

“ހިނގާ ބޮޑުކޭމަށްދާން” ލުހާ އައިސް ޔަލާއާއި ސިތާރާގެ ގާތުގައި މަޑުކޮށްލުމާއެކު ބުނެލިއެވެ.

“ކޮންތާކު އޮތް ކެއުމެއް” ވާނުވާނޭނގިފައި ހުރި ޔަލާ ބުނެލިއެވެ. އެއާއެކު ސިތާރާއާއި ލުހާ އެކަކު އަނެކަކަށް ބަލާލާފައި ހީނގަތެވެ.

“އަލަށް ރަށަށް އަރައިގެން އުޅޭމިހުންނަކަށް ނޭނގޭނެ، އަހަރުމެންނާއެކު ދިޔައިމަ އެނގޭނެއެއްނު، ކީއްކުރަންތަ މިހިސާބަށް އައިސް ތިއުޅެނީ… އަނެއްކާ ޔާލްގެ ޖޮބު ހަމަޖެހުނީތަ؟” ވާހަކަދައްކަމުން ތިން މީހުން އެކުގައި ހިނގައިގަތެވެ.

“ދެން ފާޑަކަށް ހަމަޖެހިފައި އޮތީ. އެނގޭތަ، އިއްޔެ މޫދުގައި އެވަރަށް ސަކަރާތްޖެހީމާ ކަންނޭނގެ ރޭގައި ފާޑެއްގެ ހުވަފެނެއް ފެނިއްޖެ” އެހެންމީހުންނާ އެއްވަރަކަށް ހިނގަމުން އައި ޔަލާ ބުނެލިއެވެ.

“އަނެއްކާ ކޮންކަހަލަ ހުވަފެނެއް؟” ލުހާ އެއްޗެއް ބުނަން އަނގަހުޅުވާލި ތަނާ ހެން ބަސްތައް އިވިގެން ދިޔައީ ސިތާރާގެ ދުލުންނެވެ. އެހެންވެ އޭނާ ބުނަން އުޅުނު އެއްޗެއް ނުބުނެ ޔަލާ ދޭ ޖަވާބަކަށް އޭނާ ވެސް މަޑުކުރިއެވެ.

“ގެނބެނިކޮށް ފެންނަނީ… ވަރަށް ފުންތަނެއް…. އެއްވެސް މީހަކު ނުފެނޭ… ވަރަށް އަނދިރި… ނޭވާ ހާސްވެގެން ތެޅިފޮޅެނިކޮށް ހޭލެވުނީ…. ލޫއަށް އެނގެއެއްނު އަހަރެން އެކަނި މޫދަށް އެރޭ މީހެއްނޫންކަން… ހޭލެވުނުއިރު މޭ ވެސް ހީވަނީ ފިތިފައި ހުރިހެން…”

“ވެދާނެ އިއްޔެއް އެވަރަށް ސަކަރާތްޖަހާލީމާކަމަށް…” ލުހާ ވެސް އެއްބަސްވީ ޔަލާގެ ނިންމުން ރަނގަޅު ކަމަށެވެ.

“އެއީ ހުވަފެނެއްނު، ރަނގަޅުވާނީ އަޅާނުލިއްޔާ… ހޭލީމާ އެކަމުގެ އަސަރު އެ ދިޔައީނު” ސިތާރާ ވަރަށް ހަމަޖެހިލާފައި ބުނެލިއެވެ.

ތިން މީހުން އެކުގައި އައިސް ބޮޑުކޭން ރެސްޓޯރެންޓަށް ވަނެވެ. ހާމަފަޒާ ފެންނާނޭހެން މޭޒުޖަހާފައި ހުރިއިރު ހިޔާކޮށްފައި ހުރި ބައިގައި ވެސް މޭޒުތައް ހުއްޓެވެ. ކޮންމެ ދެ މޭޒެއްގެ މެދުގައި ޖާލީފުޅައް ގޮތަށް ހުރި ފިލާތަކެއް ބަހައްޓާފައި ހުއްޓެވެ. ބައެއް މޭޒުތަކުގައި މީހުން ތިއްބެވެ. ޔާލާމެންގެ ތިންމީހުންގެ އައިސް ހިޔާކޮށްފައި ހުރި ތަނުން މޭޒެއްގެ ދޮށުގައި އިށީނެވެ. އެއާއެކު އެތަނުގައި އުޅޭ ބިދޭސީ ވެއިޓަރުންގެ ތެރެއިން މީހަކު އައިސް މޭޒުގައި ފެންފުޅިއާއި ތިން ބިއްލޫރިތަށި ބަހައްޓާފައި ތިން މީހުންނަށް ތިން މެނޫ ދިނެވެ. އޯޑަރު ދީފައި ތިންމީހުން ވެސް އަމިއްލަ ވާހަކަފެށިއެވެ.

“ކުޅި ބަލާލަން މިއަދު ދާންވީނު” އެކިއެކި ވާހަކަދައްކަމުން ދަނިކޮށް ކުއްލިއަކަށް ޔަލާ ބުނެލިއެވެ.

“ސީރިއަސްކޮށްތަ…” ދެ ލޯ ބޮޑުކޮށްލާފައި ސިތާރާ ބުނެލިއެވެ.

“ކޮބާތަ މައްސަލައަކީ… އިރުއޮއްސެންވާއިރަށް އަންނާނީއޭ” ޔަލާގެ އަޑުން އޭނާ ދާން ބޭނުންވެފައި ހުރިވަރު ލުހާއާއި ސިތާރާއަށް ނަގައިގަނެވުނެވެ.

“ސިތާރައްތާ، ގުރޫޕެއް ހަދާލައިފައި ދާނީ… މަޖާވާނެއެއްނު…. މީހުން ކޮންމެ ވާހަކައެއް ދެއްކިޔަސް އަދި ދުވަހަކު ވެސް އެހިސާބުން މީހަކު މޮޔަވެގެން ގެނައި އަޑެއް ނާހަން… ގުރޫޕު ބޮޑުވީމާ އެހާ ފަޅުހެނެއް ހިޔެއްނުވާނެ… ޔާލް ބުނިހެން އެ ހިސާބު ބަލާލާފައި އިރުއޮއްސެން ވާއިރަށް އެނބުރި އައީމަ ނިމުނީނު” ޖެހިލުންވެފައި އިނދެ ވެސް ލުހާ ބުނެލިއެވެ.

“އެ ހިސާބަށް މީހުން ނުދާއިރު… ކޮންގުރޫޕެއް ގޮވައިގެން ވަކި ދާނީ” ސިތާރާ ކަންބޮޑުވުން ފާޅުކުރިއެވެ.

“ދަޔާންއާއި ރާވީ ވެސް އެ ހުރީނު… އަހަރެން ބުނެފާނަން ފިރިހެން ގުރޫޕެއް އެއްކޮށްލައިގެން އެތަން ބަލާލަންދާން، އެމީހުންނަށް ނުކެރިއެއް ނުހުންނާނެ… ރަށުތެރޭގައި އެހިސާބަށް ނުދެޔޭ ކިޔަސް ކޮންމެވެސް ބަޔަކު ދާނެ އެހިސާބަށް… ސިއްރުން ކުރާތީ ނޭނގެނީ ކަންނޭނގެ، އަނެއްކާ ސިތާރައްތަ ވެސް ޤަބޫލުކުރަނީ އެތަނުގައި ބިރުވެރިކަމެއް އުޅެނީއޭތަ؟” ޔަލާގެ ބޭނުމަކަށްވީ ސިތާރާގެ ޚިޔާލު ބަދަލުކޮށްލުމެވެ. އޭނާއަށް އެކަން ކާމިޔާބު ވެސް ވިއެވެ. ނުކެރޭ މީހަކަށްވާން ސިތާރާ ބޭނުމެއްނުވިއެވެ. އެހެންވެ ޔަލާގެ ޚިޔާލަށް އޭނާ ވެސް ތާއިދު ކުރިއެވެ. ރައްޔާ ރުއްސުމާއި ދަޔާންމެންގެ ގާތުގައި އެ ވާހަކަ ދެއްކުން ސިތާރާއާއި ލުހާ ހަވާލުކުރީ ޔަލާއާއެވެ.

ރެސްޓޯރެންޓުން ނުކުތް ގޮތަކަށް ޔަލާ ގުޅީ ނަވާޛަށެވެ. ހޮސްޕިޓަލް ދޮށަށް ބަލާއައުމަށް ބުނުމަށެވެ. އެހާއިރަށް އޭނާއާއި ސިތާރާއާ ދެމީހުން ލުހާ ގޮވައިގެން އޭނާގެ އޮފީސް ދޮށަށް ދިޔައެވެ. އަދި ލުހާ ދިއުމުން އެ ދެ މީހުން އައިސް މަޑުކޮށްލީ ހޮސްޕިޓަލުގެ ކުރިމަތީ ވައަތްފަރާތަށް ވާގޮތަށް ހައްދާފައި އޮތް ވިނަ ޕާކުގައެވެ. ގަހެއްގެ ހިޔާ އެޅިފައި އޮތް ހިލަގޮނޑިއެއްގައި ދެ މީހުން އިށީނދެ ތިއްބާ ނަވާޛުގެ ކާރު އައިސް މަޑުކޮށްލިތަން އެމީހުންނަށް ފެނުނެވެ.

ޔަލާއާއި ސިތާރާއާ ދެމީހުން ކިނާރީގެ ދޮރޯށިން ވަދެގެން އައިއިރު ސިޓިންރޫމުގެ ތަޅުން ފޮޅަން ފިހިގަނޑު ހިފައިގެން ޞާބިރާ އުޅެއެވެ. އެ ދެ މީހުން ފެނުމާއެކު ޞަބިރާ ސުވާލުކުރީ ހޮސްޕިޓަލުން ޔަލާއަށް ދިނީ ކޮންކަހަލަ ޖަވާބެއްތޯއެވެ. ކަންތައްވީގޮތް ޔަލާ އޭނާގެ މަންމައަށް އޮޅުން ފިލުވައިދިނެވެ. އަދި ސިތާރާ ގޮވައިގެން ޔަލާ އައީ އޭނާގެ ކޮޓަރިއަށެވެ. ފޯނުގައި ހުރި ފޮޓޯތައް ލެޕްޓޮޕަށް އެޅުމަށް އެނދުގައި ލެނގިލައިގެން އުނގަށް ލެޕްޓޮޕް ލައިގެން ޔަލާ އިނެވެ. އޭރު އޭނާގެ ދާދި ގާތުގައި ސިތާރާއިނެވެ.

“ޔާލް ބޭރުގައި އުޅުނު އިރުގެ ފޮޓޯތައްތައް އެއީ” ޔަލާ އޭނާގެ ލެޕްޓޮޕުގައި ފޮޓޯތައް އަޅާފައި ހުރި ފޯލްޑަރު ހުޅުވާލުމާއެކު އޭގައި ކުރިން ހުރި ފޮޓޯތައް ސިތާރަށް ފެނިގެން ސުވާލުކުރިއެވެ. އަދި އޭނާ ބޭނުންވެގެން ޔަލާ ނަގާފައި ހުރި ފޮޓޯތައް ބެލުމަށް އެކޮޓަރީގައި އެތައް އިރަކު އިނެވެ.

ދަޔާންގެ ކޮޓަރީގައި ޓަކި ޖަހާލުމާއެކު އެތެރެއިން ޖަވާބެއް ނުލިބެނީސް ދޮރު ހުޅުވާލަފައި ޔަލާއާއި ސިތާރާ އެތެރެއަށް ވަނެވެ. އޭރު ކާޕެޓުމަތީ ދެ ބާލީސް ބާއްވާލައިގެން އޭގައި އިށީނދެ ދަޔާންއާއި ރާވީ ތިބީ އަތަށް ޖޮއިސްޓިކު ހެޔޮވަރުކޮށްލައިގެން ފޯރީގައި ގޭމް ކުޅޭށެވެ. ޔަލާ ފެނުމުން އެ ދެ ޒުވާނުންގެ މޫނުމަތިން ހިނިތުންވުން ފާޅުވެގެން ދިޔައެވެ.

“މިއޮތީ ފޮޓޯތައް… އެކަމަކު ލިބޭނީ ޝަރުތެއްގެ މަތިން…” ޔަލާ ކަނާތުގައި އޮތް ޕެންޑްރައިވް ދަޔާންއަށް ދައްކާލަމުން ބުނެލިއެވެ. އެއާއެކު ދެ ޒުވާނުން ގޭމު ކުޅުން ހުއްޓާލާފައި ސުވާލު ކުރަން ފެށިއެވެ. ލިބުނު ރަނުގެ ފުރުޞަތުގައި ޔަލާ އޭނާގެ ބޭނުން ހާމަކުރިއެވެ.

“އެހާ ދުވަސްކޮށްފައި ރަށަށް އައީމާ މުޅިރަށް ބަލާލާހިތުން… އެކަމަކު ކީއްކުރާނީ… އެ ހިސާބަށް ދާންކެރޭވަރުގެ މީހަކު މި ރަށުގައިނެތް… ޖެހިލުންކުޑަ ފިރިހެނުން ވެސް މިރަށުން ހުސްވީތަ؟” ދުރުދުރުން ވިޔަސް ޔަލާ އެއްލި އެތިފަހަރުގައި ދަޔާންއާއި ރާވީ ޖެހުނެވެ.

“އަހަރުމެންނަކީ އެތަނަށް ދާންނުކުރެވޭވަރުގެ ބައެއްކަމައްތަ ޔާލް ހީކުރީ… ތިޔަހެންބުނީމާ ދެން މިޖެހުނީ ކޮންމެހެން ވެސް ކުޅީ ދޮށަށް ޔާލް ގެންދަން… އެހެންނު ދަޔާން” ނިކަން ފޯރީގައި ރާވީ ބުނެލިއެވެ. ރަޔާން ވެސް ހީނލާފައި އެއްބަސްވިއެވެ. އެމީހުންނަށް ވީގޮތް ފެނިފައި ސިތާރާ ނިކަން ބާރަށް ހޭންފެށިއެވެ. ޔަލާ ވެސް ހެމުން ހެމުން އޭނާގެ އަތުގައި އޮތް ޕެންޑްރައިވް ދަޔާންއަށް ދިއްކޮށްލިއެވެ.

ހަވީރު ފަހެއްޖެހިއިރު ދަޔާންއާއި ރާވީގެ ދެ ރަޙުމަތްތެރިންނާއެކު ސައިކަލު ފަހަތުގައި ސިތާރާއާއި ރައްޔާގެ އިތުރުން ލުހާއާއި ޔަލާ ވެސް މިސްރާބުޖެހީ ކުޅިއާ ދިމާއަށެވެ. ރަށުގައި ދެ ކުޅި އޮވެއެވެ. ކުޑަ ކުޅިއަކާއި ކަނޑާއި ގުޅިފައި އޮންނަ ބޮޑުކުޅިއެވެ. ކުޑަކުޅި އޮންނަނީ މީހުން އުޅޭ ސަރަޙައްދުގައެވެ. އެހެންނަމަވެސް ބޮޑުކުޅި އޮންނަނީ ވައުގަނޑުތެރޭން ވަދެގެން ދާއިރު މީހުން ދިރިއުޅޭ ހިސާބަށްވުރެ މާ ދުރުގައެވެ. ފުރަތަމަ ދަޔާންމެން ދިޔައީ ކުޑަކުޅި ބަލާށެވެ. ސައިކަލުގައި ފަސޭހައިން އެ ސަރަޙައްދަށް ވަދެވޭނެތީއެވެ. އެހިސާބު އޮތީ ވަރަށް ރީތިކޮށް ސާފުކޮށްފައެވެ. ގަސްތައް ވެސް ގިނައެއް ނޫނެވެ. ނަމަވެސް އެންމެން ޝައުގުވެރި ކުރުވީ ބޮޑުކުޅި ބަލަން އައިސްފައެވެ. ބޯކޮށްހެދިފައިވާ ގަސްތަކުގެ ތެރެއިން ހަނިމަގެއް ހެދިފައި އޮތެވެ. އެ މަގަކީ އާންމުކޮށް ބޭނުންކުރާ މަގެއްކަން ޔަލާއަށް ފާހަގަކުރެވުނީ ދެ ފަރާތުން އެކިކަހަލަ ވިނަ ހެދިފައި ހުރިއިރު ވެސް އެ ހަނިމަގުގައި ވެލިއޮތީމައެވެ. ގަސްތަކުގެތެރެއަށް ވަދެގެން ގޮސް ވަކި ހިސާބަކުން ރުއްފެންނަން ފެށިއެވެ. ކޮންމެވެސް ބައެއްގެ ރުއްތަކެއްކަން ނަންބަރު ޖަހާފައި ހުރި ގޮތުން އެނގެއެވެ. އެތަނުގައި ސައިކަލުތައް ބަހައްޓާފައި އެންމެން ހިނގައިގަތީ އިތުރަށް ވައުގަނޑުގެތެރެއަށް ވަނުމަށެވެ. ވަށައިގެން ބޯގަސްތައް ހެދިފައި ހުރިއިރު ބައެއް ދިމާއިން ތަންދޮރުވަކިނުވެއެވެ.

“މި ހިސާބުގައި މީހުން ނޫޅޭނަމަ މީ ކޮންމަގެއް؟ ބަޔަކު މިހިސާބަށް ވަންނާތީތާ މަގު ހަދާފައި މިއޮތީ… މީ ހަމަ ސިތާރައްތަ ބުނި ކަހަލަ ސީކްރެޓް ޕޮއިންޓެއްކަންނޭނގެ” ޔަލާ ބުނެލިއެވެ. އެއާއެކު ލުހާއާއި ސިތާރާ ހޭންފެށިއެވެ.

އެންމެން ސަކަރާތްޖަހަމުން ކުރިއަށް ދިޔައެވެ. ދޭތެރެއަކުން ފިރިހެން ގުރޫޕުކޮށްލާ ސަމާސާއަކުން ޔަލާމެން ސިހިފައި ހަޅޭލަވައިގަނެވެ. އެހެނަސް އެންމެނަށް ވެސް ތިބީ މަޖާވެފައެވެ. ކުޑަކޮށް ޗަކަހެދިފައި އޮތް ހިސާބަކަށް އައިސް މަޑުކޮށްލިއިރު ކުރިމަތިން ކުޅި އޮތީ ފެންނާށެވެ.

“މިއަށްވުރެ އެކޮޅަށް ވެސް ކުޅި އޮންނާނެ، އެކަމަކު އެހިސާބަށް ދުވަހަކު ވެސް މީހަކުނުދޭ، އާންމުކޮށް ކުޅި ބަލަން އަންނަނީ މިތަނަށް… ބައެއް މީހުން ޗަކަގަނޑަށް އެރިގެން ކުޅީގެ އެކޮޅަށް ދޭ…. ކުޅިއަށް ވަރަށް މަސްވަންނަ ކަމަށްވަނީ، އެކޮޅަށް ދާވަރަކަށް ކިސަޑުކަން ކުޑަވެ ބިންގަނޑު ހަރުކަމަށްވަނީ، މަށެއް ދުވަހަކުވެސް ނޭރެން މިތަނަކަށް…” ރާވީގެ ރައްޓެހި ފަހީމް ބުންޏެވެ. އޭނާގެ ވާހަކައާ މެދު ޔަލާ ވިސްނަން ހުރިއިރު އޭނާ ވަށައިގެން ނަޒަރު ހިންގަމުން ދިޔައެވެ.

“އިރުއޮއްސޭ މަންޒަރު މިތަނުން ފެންނަ ވާހަކަ ލުހާ ކީމެންނު” ވަށައިގެން ބަލަބަލާފައި ޔަލާ ސުވާލުކޮށްލިއެވެ.

“އެއީ މީހުން ދައްކާ ވާހަކައޭ… އަހަރެން ވެސް މިއައީ އަލަށް…” ލުހާ ބުނެލިއެވެ.

ކުޅީކައިރީގައި ތިބެފައި އެންމެން ހިމޭންވި ވަގުތު ރާވީ ސަކަރާތްޖަހަންވެގެން ނިކަން ބާރަށް ހަޅޭލަވައިގަތެވެ. މުޅި ސަރަޙައްދު ގުގުމައިގެން ދިޔަ ކަހަލައެވެ. އެ އަޑު ނުކެނޑެނީސް ދެން ތިބި މީހުންގެ ހަޅޭކުގެ އަޑު ގުގުމައިގެން ދިޔައެވެ. ނުވިސްނާ ހުރި ލުހާއަށް ފުންމައިގެން އައިސް ހިފާލެވުނީ އެންމެ ކައިރީގައި ފެންނަން ހުރި ދަޔާންގެ އަތުގައެވެ. ޅަކުދިން އުޅޭހެން ވަލުތެރޭގައި ސަކަރާތްޖަހަން އެ މީހުން އުޅުނެވެ. އަނދިރިވަމުން އައިކަން އިހުސާސްވީ މާފަހުންނެވެ. ހީނހީނފައި އެކަކަށްވުރެ އަނެކަކު ބޮޑަށް ބިރުގަންނަވާލެވޭތޯ އެކިއެކި ކަންކަން ކުރަމުން ދިޔައެވެ.

“ދެން ހިނގާ ދަމާ… މަންމައަކަށް ނޭނގޭނެ އަހަރުމެން މިހިސާބަށް އައިސް އުޅޭކަމެއް، އިރުއޮއްސޭންވާއިރަށް އަންނާނަމޭ ވެސް ބުނީމެންނު، އަމަން ވެސް ނޭނގެ ނުރޯކަމެއް… އެއްކޮށް މިހާރު އެއޮއް އަނދިރިވަނީ” ރައްޔާ ކުޅިއާ ދިމާއަށް ކަންބޮޑުވުމުގެ ނަޒަރަކުން ބަލަން ހުރެފައި ބުނެލިއެވެ.

“ހުސެއިން، ރައްޔާދައްތަ ގޮވައިގެން ނައްޓާލާ… އަހަރުމެން ވެސް މި ނައްޓާލަނީ” ރާވީ ހުރެފައި ބުނެލިއެވެ. ހުސެއިންއާއެކު ރައްޔާ ކުރީބައިގައި ވަލުތެރެއިން ނުކުންނަން ހިނގައިގަތެވެ.

“ނަސީބެއް ޓޯޗު ހިފައިގެން އާދެވުނުކަން…” ފަޓުލޫނު ޖީބުގައި އޮތް ޓޯޗު ނަގަމުން ދަޔާން ބުނެލިއެވެ. އޭރު ރައްޔާ ބުނިހެން އިރުއޮއްސި އަނދިރިކަން އެހިސާބަށް ވެރިވާންފަށައިފިއެވެ. އެނބުރި ގަސްތަކަށް އަންނަ ދޫނިތަކުގެ ގޮވުންތައް ގަދަވެފައި ވެއެވެ. ޔަލާ އެނބުރި ރަށަށް އައުންވީ ޒަމާންތަކަކަށްފަހު ލުހާއާއި ދެން ތިބި މީހުންނަށް މަޖާކޮށްލަން ލިބުނު ފުރުޞަތަކަށެވެ. ސަކަރާތްބޮޑުކޮށްލާފައި އުޅުނު އުޅުމުގެ ތެރޭގައި ސައިކަލުތައް ކައިރިއަށް އެނބުރި ދިއުމަށް ވަލުން ނުކުންނަން ތިން ފިރިހެނުން ދުއްވައިގަތީ ލުހާއާއި ސިތާރާގެ އިތުރުން ޔަލާ ކަންބޮޑުކޮށްލުމަށެވެ. އެ ހަރަކާތުން ތިން އަންހެނުން ހަޅޭލަވައިގަނެފައި ދަޔާންއާއި ރާވީގެ އިތުރުން ފަހީމުގެ ފަހަތުން ދުއްވައިގަތެވެ. ފައިތިލަ ދާހިއްލާފައި ހުރުމުގެ ސަބަބުން ބާރަށް ދުއްވައިގަންނަން އުޅުނު ޔަލާ އަނގަވަތަށް ވެއްޓުނެވެ. އެހިނދު ބާރު ހަޅޭކެއް އޭނާގެ އަނގައިން ނުކުތެވެ. އެ އަޑާއެކު ދެން ތިބި މީހުންގެ ހުނުންވީ ގަދައެވެ. ސިތާރާއާއި ލުހާ ދުވަމުން ދުވަމުން ދިޔައިރު ޔަލާ ވެއްޓި އަތުގައި ޓޯޗު ވެސް އޮތީ ދުރަށް ވެއްޓިފައެވެ.

“ލޫހާ… ސިތާރައްތާ….” ޔަލާ ނިކަން ބާރަށް ގޮވަމުން ވެލި ފޮޅާލާފައި ތެދުވެގެން އައިސް ޓޯޗުގެ އަލިކަން ހުރި ދިމާއަށް ގުދުވެ ޓޯޗު ނެގިއެވެ. ކުރިއަށް އަލިކޮށްލިއިރު އެކަކު ވެސް ފެންނާކަށް ނެތެވެ. އެހެންނަމަވެސް ކޮންމެވެސް ވަރަކަށް އެންމެންގެ ހުނުމާއި ހަޅޭކުގެ އަޑު އިވުނެވެ. އަރައިގެން ހުރި ފައިވާން ބާލާފައި ހުސްފައިގާ ދާކަށް ޔަލާއަކަށް ނުކެރުނެވެ. ފަޔަށް އެއްޗެއް ހެރި ޒަހަމްވެއްޖެނަމަ އިތުރަށް އޭނާއަށް ހިނގަން ދަތިވާނެއެވެ. ޓޯޗުން ވަށައިގެން އަލިކުރަމުން ކުރިއަށް ހިނގަމުން ދިޔައިރު ޔަލާގެ ހިތްބާރަށް ތެޅެން ފަށައިފިއެވެ. ހީވީ ކުއްލިއަކަށް އަނދިރިކަން އައިސް އޭނާ ބައްދާލި ހެންނެވެ. އެންމެންގެ އަޑު ވެސް ދުރަށް ދަމުން ގޮސް ކެނޑިއްޖެއެވެ.

“ލުހާ… ސިތާރައްތާ…” އިހުނަށްވުރެ ބާރަށް ޔަލާ ހަޅޭލަވައިގަތެވެ. އެހެންނަމަވެސް މިހާރު އޭނާގެ ވަށައިގެން ވަނީ އަނދިރިކަމާއި ހިމޭންކަމެވެ. ގަސްތަކުގެ ތެރެއިން ވަކި ހިސާބަކަށް ނުކުމެގެން ނޫނީ އެނބުރި ދާން އޮތް މަގު ވެސް ނުފެންނާނެކަން ޔަލާއަށް އެނގެއެވެ. ކުރިއަށް އަލިކުރަމުން ދިޔަ ނަމަވެސް ޔަލާއަށް ދެވޭ ދިމާއެއް ވަކި ކުރާކަށް ނޭނގެއެވެ.

ދުވަމުން ސައިކަލުތައް ކައިރިއަށް ފަހީމާއި ދަޔާންގެ އިތުރުން ރާވީ ނުކުތް އިރު އެމީހުންގެ ފަހަތުން ސިތާރާއާއި ލުހާ އަތުވެއްޖެއެވެ. ދަޔާންމެންނާ ދިމާއަށް ސިތާރާ ހަޅޭލަވައިގަތެވެ. އޭރު އެންމެންނަށް ވެސް ތިބީ މާނޭވާލެވިފައެވެ.

“ޔާލް… ކޮބާ ޔާލް….” ނޭވާ ހަމައަކަށް އަޅުވަން މަސައްކަތް ކުރަމުން ލުހާ ފަހަތަށް ބަލާލީ އެމީހުންގެ ފަހަތުން ޔަލާ އައި ނަމަވެސް އޭނާގެ އަޑެއް ނީވުނީމައެވެ.

އެންމެންގެ ސަމާލުކަން ލުހާގެ ބުނިއެއްޗަކަށް ހުއްޓުނެވެ. އެންމެންގެ އަތުގައި އޮތް ޓޯޗުތަކުން ވަށައިގެން އަލިކުރަން ފެށިއެވެ. އެންމެން ވެސް ހާސްކަންމަތީ ޔަލާއަށް ގޮވަންފެށިއެވެ. ނަމަވެސް ޔަލާގެ ފަރާތުން ޚަބަރެއްނުވިއެވެ.

“ޔާލް ޕްލީޒް، ސަކަރާތްނުގަނެ ފިލާ ހުރިއްޔާ ވެސް ދެން ނުކުމޭ… މިހާރު މާ އަނދިރިވެއްޖެ. ހިނގާ ގެއަށްދާން… ޔާލް… އެބަ އަޑުއިވޭތަ…” ކަންބޮޑުވެފައި ހުރެ ލުހާ ބުނެލިއެވެ.

“ތެދެއް ޔާލް، ދެން ސަމާސާކުރުން ނިމުނީ… ޞާބިރައްތައަށް މިކަން އެނގިއްޖެއްޔާ އަހަރުމެންގެ ދުވަސްދާނެ… ހިނގާ ދެން ދާން، މިއަދަށް ވާވަރަށް ސަކަރާތްގަނެވިއްޖެ…” ގަސްތަކުތެރެއަށް ވަށައިގެން ނަޒަރު ހިންގަމުން ސިތާރާ ބުނެލިއެވެ.

“ލުހާއާ އެއްކޮށް ނޫންތަ ޔާލްއައީ” ދަޔާން އައިސް ލުހާގެ ގާތުގައި މަޑުކޮށްލިއެވެ. އޭރު ވެސް އެ މީހުންގެ އަތުގައި އޮތް ޓޯޗުތަކުން ވަށައިގެން އަލިކުރަމުން ދިޔައެވެ.

“ސާބަސް ކަލޭމެންނަށް، ޔާލްގެ ފޯނު އޮންނާނެއެއްނު… އޭނައަށް ގުޅާބަލަ…” ރާވީ ކުއްލިއަކަށް މިހެން ބުނެލުމާއެކު ލުހާ އަވަސްއަވަހަށް އޭނާގެ ޖިންސުގެ ޖީބުގައި އޮތް ފޯނު ނަގައި ޔަލާއަށް ގުޅާލިއެވެ.

“އޯނޯ… ރިންގުވި… އެކަމަކު މިހާރު އެ ކެނޑުނީ… މިހާރު ނުވެސް ގުޅޭ… ފޯނު ނިއްވާލަފަޔޯ… ދަޔާން… ޔާލް… ޔާލް ކޮބާ…” ލުހާގެ ހާސްކަން އިންތިހާއަށް އިތުރުވެގެން ދިޔައެވެ. ކޮންމެ މީހަކު އެމީހެއްގެ ފޯނުން ޔަލާއަށް ގުޅޭތޯ ބެލިއެވެ. އެހެންނަމަވެސް ލިބެނީ އެއްޖަވާބެކެވެ. އެ ނަންބަރުވަނީ ގުޅޭ ސަރަޙައްދުން ބޭރުގައި ކަމެވެ.

“ހިނގާބަލަ ޔާލް ހޯދަން…” ދަޔާންގެ އަތުގައި ހިފާލަމުން ލުހާ ބުނެލިއެވެ.

“އަހަރުމެންގެ ފަހަތުން ޔާލް ހަމަޔަޤީން އައިކަން، އޭނާ ހަޅޭލަވައިގަތް އަޑު ވެސް އިވުނެއްނު” ސިތާރާ ހުރެފައި ބުނެލިއެވެ.

“އަނެއްކާ ޔާލްއަށް ކަމެއްވީތަ؟ އޭނާ ހަޅޭލަވައިގަތީ އެހެންވެކަމަށް ވެސް ވެދާނެއެއްނު… އަހަރުމެން އަވަހަށް އަންނަން ވެގެން ފަހަތަށް ބަލާނުލާ ދުވަމުން ދުވަމުން އައީ އެއްނު” ސިތާރާއަށް ބަލާލަމުން ލުހާ ބުނެލިއެވެ.

“އަހަންނަކަށް ނުފެނޭ އެނބުރި ދާކަށް، އަހަންނަށް ފެންނަނީ އަވަހަށް ބަޔަކަށް އަންގަން… ރޭގަނޑު މި ވައުގަނޑުތެރޭ ނިކަން ފަސޭހައިން ގެއްލޭނެ، އަހަރުމެން ގެއްލިއްޖެއްޔާ ޔާލް ހޯދާނީ ކިހިނެއް، ބަޔަކު ގޮވައިގެން އައިސް ހޯދަން އުޅެން މަށަށް ފެންނަނީ” މަޑުމަޑުން ހުރެފައި ފަހީމު ބުންޏެވެ.

“އެކަމަކު އޭރުން މާ ލަސްވާނެ، އަހަންނަކަށް ނުކެރޭނެ މަންމަ ގާތުގައި ގޮސް ބުނާކަށް… އެހާތަނަށް ޔާލްއަށް ކަމެއްވެއްޖެއްޔާޔޯ…” ލުހާ އިންތިހާއަށް ކަންބޮޑުވެގެން އިސްޖަހާލެވުނެވެ. ހަދާނޭ ގޮތެއް އޭނާއަކަށް ނުވިސްނެއެވެ. ޔަލާ ރަށަށް އައިތާ ގިނަ ދުވަހެއް ނުވަނީސް އޭނާއަށް ކަމެއްވެއްޖެއްޔާ ޞާބިރާއަށް ވާނޭގޮތް ލުހާއަށް އިހުސާސް ކުރެވެއެވެ. ޚުދު އޭނާ ވެސް ޔަލާއަށް ކަމެއްވާކަށް ނޭދެއެވެ. އެންމެ ލޯބިވާ ދައްތައާއެކު ވަގުތު ހޭދަކުރުމަށް ލުހާ ވެސް ވަރަށް ދިގު އިންތިޒާރެއް ކުރިއެވެ.

“ލުހާ… ފަހީމު އެބުނީ ތެދެއް… މިއޮއްބޮޑު ވައުގަނޑުގައި އަހަރުމެން ފަސްމީހުންނަށް ކީއްކުރެވޭނީ. ހިނގާ އަވަހަށް ގޮސް އެހެން މީހުންނަށް އަންގަން” ބިރުގެންފައި ހުރި ސިތާރާ ބުނެލިއެވެ. ކަޅު އަނދިރިކަމުގެ ތެރެއަށް ނަޒަރު ހުއްޓާލައިގެން އިރުކޮޅަކު ހުރުމަށްފަހު ޔަލާ ބޯޖަހާލިއެވެ.

* * * *

“ކާކު… ކާކު… ލުހާތަ؟ ސިތާރައްތަ؟ ކާކުތަ؟… ރާވީ…” ވަށައިގެން ހޯދަމުން ޔަލާ ބުނެލިއެވެ. ބާރުވައިރޯޅިއެއް ޖެހިލިކަހަލަ އިހުސާސެއް ޔަލާއަށް ކުރެވުނެވެ. އޭނާއަށް ހީވަނީ ކޮންމެވެސް މީހަކު އޭނާއަށް ބަލަނީ ހެންނެވެ. އަދި އޭނާގެ ގާތުގައި އުޅެނީހެންނެވެ. ހާސްވެފައި ހުރިވަރުން ޖީބުގައި ފޯނު އޮތްކަމެއް ވެސް ޔަލާ ހަނދާނެއްނެތެވެ. އެހެން ހުއްޓާ ފޯނު ރިންގުވިއަޑާއިއެކު މުޅި މީހާ ދިޔައީ ސިއްސައިގެންނެވެ. އަވަހަށް ފޯނު ނަގާ ޖަވާބުދޭން އުޅެނިކޮށް ވައުތަކެއް ހޭރިގަތް އަޑާއެކު ސިހިގެން ދިޔަ ޔަލާގެ އަތުން ފޯނު ވެއްޓުނެވެ. އެހެންނަނަމަވެސް ފޯނު ހޯދުމުގެ ބަދަލުގައި އިހަށް ޔަލާއަށް އަލިކޮށްލެވުނީ އަޑުއައި ދިމާއަށެވެ. ވަށައިގެން އެނބުރެމުން ޓޯޗުން އަލިކުރިއެވެ. ގަސްތައް ފިޔަވާ އެއްވެސް އެއްޗެއް އެތާކުން ފެންނަން ނެތްކަން އެނގުމުން ބިންމައްޗަށް އަލިކޮށް ފޯނު ހޯދިއެވެ. ނަމަވެސް ފޯނު އޮތީ އޭގެ ބެޓެރިއާ ވަކިވެފައެވެ. ހޯދާ ހޯދާ ވެސް ބެޓެރިއެއް ނުފެނުނެވެ. ފޯނުގެ ކަވަރު ފަޅި ހަރުކޮށްލުމާއެކު ކޮނޑުގައި އަޅުވާފައި އޮތް ދަބަހަށް އަލުން ފޯނު ލިއެވެ.

ވަށައިގެން އެނބުރެމުން އަލިކުރަމުން ޔަލާ ދިޔައިރު އޭނާއަށް މިސްރާބު ވެސް އޮޅިއްޖެއެވެ. ހައްތަހާ ވައުގަނޑުގެ ތެރެއަށް ކަމެއް ވަދެގެން ދެވެނީ އޭނާއަކަށް ނޭނގެއެވެ. އަތުކުރީ އޮތް ގަޑިއަށް ޓޯޗުން އަލިކޮށްލީ ހިނގާ ހިނގާ ވަރުބަލި ވެގެންނެވެ. އިތުރު ހައިރާންކަމެއް ލިބިގެން ދިޔައީ އޭނާ ވަލުތެރޭގައި ދެވޭ ނުދެވޭ ތަނެއް ނޭނގި ހިނގާތާ ގަޑިއެއްހާއިރު ފާއިތުވެ ހިނގައްޖެކަން އެނގުނީމައެވެ. ގަޑިން ހަތެއް ޖަހައި ދިޔައީއެވެ. ހާސްކަމާއެކު ގަނެފައި ހުރި ބިރެއްގެ ސަބަބުން ޔަލާއަށް ރޮވެން ފެށުނެވެ. މީ ދުވަހަކު ވެސް އޭނާއަށް ވީގޮތެއް ނޫނެވެ. ކޯތާފަތް ފުހެމުން ހިތްވަރު ނެރެން އޭނާ މަސައްކަތް ކުރިއެވެ. ކުޅި ބެލުމަށް އަންނަން ޚިޔާލު ކުރީ އޭނާއެވެ. އެކަމާ އަމިއްލަ ނަފްސަށް ކުދި ކިޔަމުން ޔަލާ ހިނގައިގަތެވެ. އަމިއްލަ އަޑުއިވުމުން ވެސް ހިތަށް ހަމަޖެހުމެއް ލިބުނެވެ. އެކަނިމާ އެކަނި ވާހަކަދައްކަމުން ކުރިއަށް ދަނިކޮށް ކަންފަތުގައި އޮއެވަރުގެ އަޑު ކަހަލަ އަޑެއް ޖެހުނެވެ. އެއާއެކު ފުރަތަމަ ވެސް ޔަލާގެ ހިތަށް އެރީ އޭނާއަށް އަލުން އެނބުރި ކުޅި ކައިރިއަށް އާދެވުނީ ކަމަށެވެ. ދުރުދުރަށް ޓޯޗުން އަލިކުރި ކަމުގައިވިޔަސް ގަސްތައް ނޫންތަނެއް ނުފެނެއެވެ. އެކަމަކު ކުޑަކުޑަ އުންމީދެއް ލިބުނެވެ. އިތުރަށް ނުހިނގާ ކުޅީގެ ކައިރީ މަޑުކޮށްލާނީ ކަމުގައި ޔަލާ ވިސްނިއެވެ. އެހެންނަމަވެސް އޭނާގެ ނަސީބު އެކަމަކަށް ތަނެއްނުދިނެވެ. ޓޯޗުގެ ބޮކި ދެ ފަހަރަކު ފިޔަޖަހާލާފައި އަލިމަޑުވިއެވެ. އަދި މާދުރަށް ނުދެވެނީ އަލި މަޑުވަމުން މަޑުވަމުން ގޮސް ނިވިއްޖެއެވެ. އިހުނަށްވުރެ ޔަލާ ކަންބޮޑުވިއެވެ. ފޯނު ވެސް ދިއްލޭނީ ބެޓެރި އޮތް ނަމައެވެ. އަނެއްކޮޅުން ޓޯޗުގެ އަލިވެސް އެ ނިވުނީއެވެ. އަދިވެސް އޭނާއަށް ދެވޭނުދެވޭ ތަނެއްނޭނގެއެވެ. ޓޯޗުގެ ބެޓެރިނަގާ އަތުގެ ތެރޭ ހާކާލުމަށްފަހު އަނެއްކާ ލެއްވިއެވެ. އެހެންނަމަވެސް ދިއްލޭ ގޮތެއްނުވިއެވެ. ހާސްކަމުގެ ތެރެއިން ޔަލާ ރުޅި އަންނަ ގޮތް ވިއެވެ. ހަޅޭލަވައިގަނެފައި ޓޯޗުގަނޑު ބިންމައްޗަށް ޖެހިއެވެ. އަދި އިރުކޮޅަކު ދެ ލޯ މަރާލައިގެން ހުރި ފިޔަވަޅުމަތީ މަޑުކޮށްލައިގެން ހުއްޓެވެ.

މީހާ ހަމަޔަކަށް އެޅެން ފުންކޮށް ނޭވާ ލާން ފެށިއެވެ. އަދި ބާރަށް ތެޅެމުން ދިޔަ ހިތާ ދިމާލުގައި އަތްތިލަ ޖައްސާލިއެވެ. އެއަށްފަހު މަޑުމަޑުން ޔަލާ ލޯ ހުޅުވާލިއެވެ. އަނދިރިމީހަކު ހެން ކުރިއަށް ޔަލާ ހިނގައިގަތެވެ.

“އަހަންނަށް ވާނެ މިކަން… ވަރިހަމަ އިރު އެރިޔަސް… މިތަނުން ނުކުންނާނަން… ޔާލާ…. ޔޫ ކެން ޑޫއިޓް… ބްލައިންޑް ޕީޕަލް އޯލްސޯ ސަވައިވް… އައި ކެން ޑޫއިޓް…” އަމިއްލައަށް ހިތްވަރުގެ ބަސްތައް ކިޔަމުން ޔަލާ ހިނގަމުން ދިޔައެވެ.

ކުރިން ނުކުރެވޭ ފިނިކަމެއް ޔަލާއަށް އިހުސާސް ކުރެވެމުންދިޔައެވެ. މާޙައުލުގައި ހުރި ތެތްފިނިކަން ހައްތަހާ ގަދަވަނީކަން ޔަލާއަށް ވިސްނުނެވެ. އަނެއްކޮޅުން އޭނާގެ ނޭފަތުގައި ޖެހުނީ ބިންގަޑާއި ފަތްތައް އެކުވެ ތެމިފައި ހުރުމުން ދުވާކަހަލަ ވަހެކެވެ. އިރުކޮޅަކު މަޑުކޮށްލާފައި ފަރާތްފަރާތަށް މޫނު އަނބުރާލާ ވަސްބަލާލިއެވެ. އިތުރުވަހެއް ފަނޑުކޮށް ނަމަވެސް ހުރިހެން ޔަލާއަށް ހީވިއެވެ. އޭރު ހީކަރުވާހެން ވެސް ޔަލާއަށް ހީވެއެވެ. އެއްޗެހިގައި ޖެހިދާނެކަމަށް ކުރިއަށް ދެއަތް ނެރިގެން ހުރެ ޔަލާ ހިނގައިގަތް ވަގުތު އެއްޗެއްގައި އަޅައިގަނެފައި ވެއްޓުނެވެ. ބިންގަނޑުގައި ވެސް ތެތްކަމެއް ހުރިކަން ޔަލާއަށް ފާހަގަވީ ދެނެވެ. ތެދުވުމުގެ ކުރިން ފަހަތަށް އަތްހުރާލިތަނާ ޖެހުނީ ވެއްޓިފައި އޮތް ހިކިގަސްގަނޑެއްގައެވެ. އޭގައި އަތްއަޅާފައި ޔަލާ ތެދުވެ ކުރިއަށް ދިޔައެވެ.

މައްޗަށް ބަލާލުމުން ތަރިތަކުން ފުރިފައިވާ ހާމައުޑު ސާފުކޮށް ފެނެއެވެ. ކިރިޔާ ހަނދު ފާޅުވާއިރު ހީވަނީ ހިނިތުންވެލައިގެން އިންހެނެވެ. ނަމަވެސް އެ މަންޒަރުން ޔަލާގެ ހިތަށް ވަނީ ބިރުވެރިކަމެވެ. ހައިރާންކުރުވަނިވި ކަމަކަށް ޔަލާއަށް ދިގުކޮށް ޖަހާފައި ހުރި ދަގަނޑުތަކެއް ފެނުންވިއެވެ. ބޮޑު ސަރަޙައްދެއްގައި ފެންސުޖަހާފައި ހުރި އުސޫލުން ދަގަނޑު ޖަހާފައި ހުއްޓެވެ. އެހިސާބަށް ޔަލާއަށް ދެވުމާއެކު ބޮޑު ގެއެއް ފެނުނެވެ. ވަށައިގެން އަނދިރިކަން ވިޔަސް އެގޭގެ ބައެއް ކުޑަދޮރުތަކުން އަލި ފާޅުވެއެވެ. ލިބުނު އުފަލެއްގެ ބޮޑުކަމުން ޔަލާއަށް ދުއްވައިގަނެވުނެވެ. އެހެންނަމަވެސް އޭނާ ބޭނުންވި ބާރުމިނަކު ނުދެވުނެވެ. ގަސްތަކުގެ ތެރެއިން ދަގަނޑު ފެންސުގައި ހުރި ދެ ދަގަނޑު ދޭތެރޭއިން ޔަލާ ވަންނަން މަސައްކަތްކުރިއެވެ. އޭނާގެ ބޮލާއި ކަނާތު ކޮނޑާއި އަތް ފެންސުން އެތެރެ ކޮށްލިއެވެ. ކުޑަ ދަތިކަމަކާއެކު ވެސް ފެންސުގެ އެތެރެ ފަރާތަށް ގުޅައަކަށް ޔަލާ ވެއްޓި ޖެހުނެވެ. ހަމަޖެހުމާއެކު ފުންމައިގެން ތެދުވެ ދެއަތް ފޮޅާލާފައި ހެދުން ރަނގަޅުކޮށްލިއެވެ. ކަށިމައްޗާ ހަމައަށް ހުރި ހެދުން ދެ އަތުން ހިއްލާލައިގެން ގެއާ ދިމާއަށް ދިޔައެވެ.

ފާނޫޒުގެ އަލިކަމެއް ޔަލާއަށް ފެނުނެވެ. ހަމައެއާއެކު އޭގެ ކައިރީ ހަރަކާތްތެރިވާ ހިޔަންޏެއް ފެނުނެވެ. އެއީ މީހަކުކަން ޔަޤީންވުމުން ޔަލާ އަތުން ހަނާ އަޅަމުން އެމީހަކަށް ގޮވަން ފެށިއެވެ. އެމީހާއާ ހަމައަށް ނުފޯރަނީސް އެއްޗެއްގައި ޔަލާގެ ފައިގެ ކޮޅު ޖެހި ހަށިގަނޑު ނުހިފެއްޓިގެން ކުރިމައްޗަށް އަރިއަޅާލިއެވެ. އެހިނދު ދެއަތް ދަމާލެވުނީ ވެއްޓުމުގެ ކުރިން ހަށިގަނޑު ހިފަހައްޓަން ނަމަވެސް ޔަލާ ވެއްޓުނީ ފެންގަނޑެއްގެ ތެރެއަށެވެ. ތެޅިގަތްއިރު އެ ފެންގަނޑުގައި އޭނާގެ ފަޔެއްނުޖެއެވެ. ވަކިން ބޮޑަށް ހާސްވީ ދެނެއެވެ. މައްޗަށް އަރަން ތެޅިފޮޅިގަތް ނަމަވެސް އެފެންގަނޑުގައި ހުރި ފަތްތަކުގެ އިތުރުން ދިރޭ އެއްޗެހިތަކެއް އުޅޭކަން ޔަލާއަށް އިހުސާސްވިއެވެ. ބޭއިޚްތިޔާރުގައި ހަޅޭލަވައިގަތުމަށް އަނގަހުޅުވާލި ތަނާ އަނގަފުރިގެން ދިޔައީ ފެނުންނެވެ. ދެ ލޯ ބޮޑުކޮށްލެވުމާއެކު ޔަލާއަށް ނޭވާ ނުލެވި ހާސްވާންފެށިއެވެ. އެވަގުތު ކުއްލިއަކަށް ހަނދާނަށް އައީ އޭނާއަށް ފެނުނު ހުވަފެނެއެވެ. އޭނާ އަޑިއަށް ދަނީއެވެ. އަނގަޔަށް ފެންވަދެ ނޭފަތުން ވެސް ފެންވަންނީއެވެ. މައްޗަށް އަރަން ދެއަތް ހަރަކާތް ކުރަމުން ދިޔައިރު ބޮޑު ހިޔަންޏެއް ފެންގަނޑުގެ މަތިން އެޅިގެން ދިޔަތަން ޔަލާއަށް ފެނުނެވެ. ފުން ހިމޭންކަމެއް ނަފްސަށް ވެރިވަމުން ދިޔަ އިރު ޔަލާގެ ހަރަކާތްތަކަށް ހުއްޓުމެއް އަތުވެއްޖެއެވެ. އަދި ހުރިދިމާ އަޑިއަށް ދިއުމަށް ހަށިގަނޑު ދޫކޮށްލި ކަހަލައެވެ.

ކޮންމެވެސް ބާރުގަދަ އަތަކުން ޔަލާގެ ވައަތުގައި ހިފާ ދަމައިގަތްކަން އޭނާއަށް އިހުސާސްވިއެވެ. އެހެންނަމަވެސް މެޔަށްވަނީ ބަރުވެފައެވެ. ދެ ލޯ ދިޔައީ މަޑުމަޑުން މެރެމުންނެވެ. އެމީހަކު ފެންގަނޑުގެ ތެރެއިން ޔަލާ ނަގާ އެއްފަރާތުގައި ބާއްވާލިއެވެ. އަދި ޔަލާގެ އަނގައިން ފެން ނެރެން އޭނާ މަސައްކަތް ކުރިއެވެ. ޔަލާގެ ކޯތާފަތަގައި ދެ ފަހަރަކު ޖަހާ ވެސް ލިއެވެ. މެރެމުންދިޔަ ލޮލުން ޔަލާއަށް އެމީހެއްގެ މޫނެއް ނުފެނެއެވެ. އޭނާގެ ދިގު އިސްތަށިގަނޑުން މޫނު ފޮރުވާފައި ހުރީއެވެ. ނޫނީ އެމީހަކުގެ މޫނު ނިވާނޭ ފަދަ ހުޑެއް އަޅައިގެން ހުރީއެވެ. ކޮންމެ ގޮތެއް ވިޔަސް އެއީ ބާރުގަދަ މީހެކެވެ. އޭނާގެ ވައަތު ކޮނޑުމައްޗަށް ޔަލާ ލައިގެން އެމީހަކު ހިނގާފައި ދިޔައިރު ފުސްކޮށް ކަހަލަ ގޮތަކަށް އޭނާގެ އަނެއް އަތުގައި އޮތް ފާނޫޒުގައިވާ ހުޅުކޮޅުގެ އަލި ޔަލާއަށް ފެންނަމުން ދިޔައެވެ.

(ނުނިމޭ)

Leave a Comment

Your email address will not be published. Required fields are marked *