Meekail [Book 2.2 – Desire]

“ދައްތަ މިއަދު ވަރަށް ރީތި، ކުރިންވެސް ރީތި، އެކަމަކު މިއަދު ވަރަށް ރީތީ، ދެން ނޭނގެ ބުނެދޭކަށް” ބަލްޤިސް ބުނެލިއެވެ. މިޝަލް ކައިރިއަށް ހިނިއައެވެ.

“ދައްތަ މިއުޅެނީ ސައިބޯން ދާން، ބަލްޤިސް އެއްޗެއް ކާނީ ކޮންއިރަކުން؟” މިޝަލް އަހާލިއެވެ.

“ދެން ދާންވީ، އަންނާނަން އިރުއޮއްސޭހާއިރު” ބަލްޤިސް މިޝަލްގެ އެނދުން ތެދުވަމުން ބުނެލިއެވެ.

“ނޫނީ ދައްތަ ކާއެއްޗެއް ގެނެސްދެންތަ، ކޮންކަހަލަ އެއްޗެއް ގެނެސްދޭންވީ” މިޝަލް ދެޚިޔާލެއްގައި ހުރެ އަހާލިއެވެ. ބަލްޤިސްއަށް އޭނާ ބޭނުންވާކަހަލައެއްޗެއް ބުނެދޭކަށް ނޭނގުނެވެ. އޭނާ އާއްމުކޮށް ކައިއުޅޭ ކަހަލައެއްޗެހި ނުހުރެދާނެތީއެވެ.

މިޝަލް ކޮޓަރިން ނުކުމެގެން ދިޔައީ ބަލްޤިސްއަށް ކަމުދޭތޯ ކޮންމެވެސް އެއްޗެއް ގެނެސްދޭނަމޭ ބުނެފައެވެ. އޭނައަށް ކާމޭޒު ކައިރީ އިން ހަފްސާ ފެނުނެވެ. ހަފްސާ އިނީ ފޯނެއްގައެވެ. މިޝަލް ކާމޭޒު ކައިރީ އިށީނުމުން ހަފްސާ ދައްކަމުންދިޔަ ވާހަކައަޑުއިވިފައި އެއީ މަލަކާކަން އެނގުނެވެ. މިޝަލްގެ މޫނުމަތީގައިވާ ހިތްހަމަޖެހުން މަޑުމަޑުން ފިލައިގެންދިޔައެވެ. މިފަދަ ވަގުތެއްގައި އޭނާ އުފާކުރަންވީއެއް ނޫންކަން ހިތަށް ވިސްނުމުންނެވެ.

ހަފްސާ ފޯނު ބާއްވާލުމަށްފަހު މިއަދު އަލައިނާގެ ގާތަށް މިޝަލް ދާންނަތޯ އަހާލިއެވެ. އަދި ހަފްސާއަށް މިއަދު މަސައްކަތް ހުރިގޮތުން އެހާގިނައިރު އުޅެވޭކަށްނެތޭ ބުނެލިއެވެ. މިޝަލް ހަފްސާއަށް މިއަދުގެ ޕްލޭން ކިޔާދެމުން ސައިބުޔެވެ. އަދި އައިސްއަލަމާރިން އެކިވައްތަރުގެ މޭވާ ނެގިއެވެ. މިޝަލްގެ ލޮލުގައި އޭނަ މީގެ ދެދުވަސް ވަރު ކުރިން ސާޝާ ލައްވާ ގަނެފައިވާ ޖެލީ ފެކެޓެއް އޮތެވެ. އެވެސް ހިފައިގެން ކޮޓަރިއަށް ހިނގައިގަތެވެ. ހަފްސާ ސުވާލެއްކޮށްފާނެތީ އަލައިނާ މެންގެއަށް ގޮސް ކާލަން ގެންދާ އެއްޗެހިކަމަށް ބުންޏެވެ. ހަފްސާ ގަބޫލުނުކުރާފަދަ ގޮތަކަށް ބަލަހައްޓައިގެންއިނެވެ. އެކަމަކު އިތުރު އެއްޗެއް ނުބުނެއެވެ.

މިޝަލް އަވަސް ފިޔަވަޅުގައި ކޮޓަރިއަށް ވަނެވެ. ބަލްޤިސް އަށް މިޝަލް ގެނައި އެއްޗެހިން އެންމެ ކަމުދިޔައީ ރަތް އާފަލާ ޖެލީއެވެ. މިޝަލް ބަލްޤިސް ޖެލީ ކާން އުޅުނުގޮތުން ހިނިއައެވެ. އަދި އޭނައަށް ޖެލީ ކަނޑާނެގޮތް ދަސްކޮށްދިނެވެ. މިޝަލްއަށް އަދި ވަރަށް ތަފާތު ކަމެއް ފާހަގަ ކުރެވުނެވެ. ބަލްޤިސް ދަމުން ޖެލީ ޕެކެޓު ގެންދަންތޯ އަހާލިއިރު ޕެކެޓުގައި ހުރި ހުރިހާ އޮރެންޖު ކުލައިގެ ޖެލީއެއް ވަނީ ނަގާ މިޝަލްގެ އެނދަށް އަޅާލާފައެވެ. މިޝަލް ކީއްވެތޯ ސުވާލު ކުރުމުން ބަލްޤިސް ބުނީ އެކުލައަކީ އޭނަ ވަރަށް ރުޅިއަންނަ ކުލައެއްކަމަށެވެ.

މަގުމަތި ބަލާލުމަށްފަހު މިޝަލް ގޭތެރެއަށްވަނީ ވިއްސާރަ ކުޑައެއް ބަލައެވެ. އޭރުވެސް ތުނުތުނިކޮށް ވާރޭ ވެހޭތީއެވެ. މިޝަލް އަލައިނާ އަށް ގުޅާލުމަށްފަހު އެގެއަށް ދިއުމަށް ހިނގައިގަތެވެ. ފަނަރަވަރަކަށް މިނެޓުތެރޭ މިޝަލްއަށް އެފުލެޓު ކައިރިއަށް އާދެވިއްޖެއެވެ. ސިޑިން އަރަންވެގެން މިޝަލް ކުޑަ ލައްޕާލިއެވެ. އަދި ސިޑިން އަރައިގެންގޮސް އަލައިނާމެން އުޅޭބައިގެ ބެލް ޖެހިއެވެ. ދޮރު ހުޅުވީ އަލައިނާއެވެ. އަލައިނާގެ މޫނުމަތިން އެހެންޏާ ފެންނަ އުފާވެރިކަމެއް ނެތެވެ. މިޝަލް އެކަމާ ސުވާލެއް ނުކުރެއެވެ. ކީއްވެކަން އެނގޭތީއެވެ. މަލަކާ ފެންނަންނެތުމުން މިޝަލް އަލައިނާއާއި ސުވާލުކޮށްލިއެވެ.

“މަންމަވީ ކޮޓަރީގަ، ބުނީ ސައިބޮއެގެން ކުޑަކޮށް ޖައްސާލާފަ ތެދުވާނަމޯ…….އަދިވެސް މަންމަ އޯކޭ އެއްނުވޭ……..” އަލައިނާ މިޝަލް ގޮވައިގެން ސިޓިން ރޫމުގައި އިށިންނަމުން ބުނެލިއެވެ. “ލީން މިހާރު ރެހާން އާ ވާހަކަ ދައްކަންދޯ…..” މިޝަލް ޔަގީންކޮށްލަން ބޭނުންވިއެވެ. އަލައިނާ އާއެކޭ ބުނުމުގެ ގޮތުން ބޯޖަހާލިއެވެ. މިޝަލް އަލައިނާ އާއި އެކިއެކި ވާހަކަ ދެއްކުމުގައި އިނެވެ. އޭނަ ބޭނުންވަނީ ކުރީގެ އަލައިނާ އެނބުރި އަންނާނެ ދުވަހެކެވެ.

އާޚިލް ގެއްލުނުފަހުން ހަފްތާއެއް ވޭތުވެހިގައްޖެއެވެ. އޭރުވެސް އާޚިލް އާއި ބެހޭ އެއްވެސް ހަބަރެއް ނުލިބެއެވެ. އެހެނަސް މަލަކާ އާއި އަލައިނާ ކުރިއަށްވުރެ ރަގަޅެވެ. މަދުން ނަމަވެސް ހީލާހަދާތަން މިޝަލްއަށް ފެންނަން ފަށައިފިއެވެ. އަނެއްކޮޅުން މިޝަލްއަށް ދެދުހުން އެއްދުވަހަކު ކަހަލަ ގޮތަށް ބަލްޤިސްއަށް ޖެލީ ހޯދަދޭން ޖެހެއެވެ. ޖެލީވީ ބަލްޤިސްއަށް މާމީރު އެއްޗަކަށެވެ.

ރޭގަނޑުގެ ޑިއުޓީ ނިންމާފައި އަލައިނާ އާއި މިޝަލް ތިބީ ހުޅުލޭ ބަހަށްއަރައެވެ. އޭރު ވާރޭ ވެހެން އުޅޭ ކަމުގެ ނިޝާންތައް ފެންނަން ހުއްޓެވެ. މިއީ ހުޅަނގު މޫސުމުގެ ދުވަސްވަރު ކަމަށްވާތި ވިއްސާރައާ ކުރިމަތިނުވެއެއް ނުދާނެކަން އެގެއެވެ. އަލައިނާ ބަހުގެ ތެރެ ފިނިކަމުން ދެއަތްދެއަތާ މަހާލައިގެން އިނެވެ. މިޝަލްވެސް އިނީ އެފަދަ ހާލެއްގައެވެ. މާގިނައިރެއްނުވެ މިޝަލްއާއި އަލައިނާ ފައިބާ ހިސާބަށް ބަސް ހުއްޓާލިއެވެ.

އަލައިނާގެ ފަހަތުން މިޝަލް ފޭބިއެވެ. އަދި އިރާދަކުރެއްވިއްޔާ ހެދުނުން ދިމާވާނެ ކަމުގެ އުއްމީދުގައި ދެކުންދިންވެސް ވަކިވީ ގެއަށް ދިއުމަށެވެ. މިޝަލް އާދައިގެމަތިން އޭނާ ހިނގާއުޅޭމަގުން ގެއަށްދިއުމަށް ހިނގައިގަތެވެ. އޭރު ބަލްޤިސް، މިޝަލްގެ ދާދިގާތުގައި ހުއްޓެވެ.

ގެ ފެންނަހިސާބަށް މިޝަލްއަށް އާދެވުނުއިރު ބަލްޤިސް ފަޅިސިކުންތަކަށްވެސް އަނގަހުއްޓާނުލައެވެ. ކޮންމެވެސް ވާހަކައެއް ދައްކާލަ ދައްކާލަ ހުރި ބަލްޤިސް ކުއްލިއަކަށް މިޝަލްގެ އަތުގައި ހިފިއެވެ. އަދި މުޅިމީހާ ހަމަހިމޭންވިއެވެ. ބަލްޤިސްގެ ނަޒަރު ހުރި ތަންކޮޅެއް ދުރަށް ހުއްޓިފައެވެ. އޭނަ މިޝަލްގެ އަތުގައި ބާރަށް ހިފިއެވެ.

“ދައްތާ! އަވަހަށް ހިނގާ ގެއަށްވަންނަން، އާދޭ ދައްތާ، ދުވެފަ އާދޭ” ބަލްޤިސް ހާސްކަމާއެކު ބުނަމުންދިޔައެވެ.

މިޝަލް ދެފަޔަށް ބާރުލާ ދުއްވައިގަތެވެ. އޭނަ ދުވެފައި އައިސް ގެއަށް ވަންނަނިކޮށް ތަންކޮޅެއް ދުރުން އަންނަ ހުދުއަލިގަނޑެއް ފެނުނެވެ. އޭތީ އަންނަނީ ވަރަށް ބާރަށްކަން އެނގުނީ އެއްފަހަރަށް ވުރެ އަނެއްފަހަރު އަލިގަދަވަމުން އަންނާތީއެވެ. އެއަލިގަނޑު ފެނިފައި މިޝަލް ހަނދާންވީ މީކާޢިލް އާއެކު ފިނޮޅަށް ދިޔަ ރޭގެ މަތިންނެވެ. އެކަން ހަނދާންވުމާއެކު މިޝަލްގެ ގައިން ހީބިހިނަގައިގެން ދިޔައެވެ. އެއަލިގަނޑަކީ ނުރައްކަލަކަށް ނޫނީ ނުވާނެކަން މިޝަލްއަށް އެނގޭތީއެވެ. އެރޭވެސް މީކާޢިލް މިޝަލްގޮވައިގެން އެނބުރި ގެއަށްއައީ އަލިގަނޑެއް އެމީހުންނާ ދިމާލަށް އަންނަތަން ފެނުމުންނެވެ.

ބަލްޤިސް ހާސްވެގެން އުޅެއެވެ. އޭނަ އަވަސް އަވަހަށް ބެލީ މިޝަލް ކޮޓަރިއަށް ވެއްދޭތޯއެވެ. އޭރު ގޭގެ އެންމެންވެސް ތިބީ ނިދާފައެވެ. މިޝަލް އޭނަގެ ކޮޓަރިއަށްވަނެވެ.

“ބަލްޤިސް…” މިޝަލްއަށް ކޮޓަރީގެ ކުޑަދޮރާ ދިމާލަށް ވިދުވަރެއްހެން ދިޔަ ބަލްޤިސް ފެނުމުން ބުނެވުނެވެ. އޭރު މިޝަލްގެ ދެލޯހުރީ ބޮޑުވެފައެވެ.

ކުއްލިއަކަށް އިވުނު ގުގުރީގެ އަޑާއިއެކު މިޝަލްދިޔައީ ސިއްސައިގެންނެވެ. މިޝަލް އަވަސް އަވަހަށް އެނދަށް އަރާ ބާލީހެއްގައި ބައްދާލިއެވެ. އަދި ބަލްޤިސް އުޅޭގޮތުން އިތުރަށް ކަންބޮޑުވިއެވެ. ވާނުވާނޭގޭ ހާލުގައި މިޝަލް ބަލްޤިސްއަށް ބަލަހައްޓައިގެން އިނެވެ. މިޝަލްގެ ހިތް އިތުރަށް ބިރުގަތީ ބަލްޤިސްގެ އަތްތިލާގެ އިނގިލިތައް ކުޑަކޮށްދެމިލުމާއިއެކު ނިޔަފަތިތަށް ނުކުންނަންފެށުމުންނެވެ. ހީވަނީ މިނިކާ ޖަނަވާރެއްގެ އަތްތިލަހެންނެވެ. މިޝަލްއަށް ފެންނަ މަންޒަރު ގަބޫލުނުކުރެވިގެން ބާލީހުގައި މޫނު ފޮރުވާލުމަށްފަހު އަނެއްކާވެސް ކުޑަކުޑަކޮށް ބަލާލިއެވެ. މިޝަލްއަށް ފެނުނީ ހަގީގަތެވެ. ބަލްޤިސްގެ އަތްހުރީ އިންސާނެއްގެ އަތްތިލަހެންނެއް ނޫނެވެ.

މިޝަލްއަށް ކުޑަދޮރާދިމާލަށް ބަލާލެވުނީ ތޫނު އެއްޗެއް ކުޑަދޮރުގެ ބިއްލޫރިގަނޑުގައި އަޅާދަމާ ކަހަލަގެ އަޑުފަށްގަނޑެއް އިވިގެންނެވެ. އޭރުވެސް ގުގުރާއަޑާއި ވިދާލާ ވިދުވަރު ކިތަންމެ ރީތިކޮށްވެސް ފެންނަމުން ދިޔައެވެ. ބައެއްފަހަރު ވިދާލާއިރު ހީވަނީ ކުޑަދޮރުގެ ދާދިގާތުން ވިދާލާހެންނެވެ. ބަލްޤިސް އޭނަ ހުރި ފިޔަވަޅުމަތީ ގުޑިވެސް ނުލާ ހުއްޓެވެ. އޭނާ ކޮންމެސް އެއްޗެކޭ ކިޔައެވެ. އޭނަގެ އަޑުވެސް ހުރީ ބަދަލްވެފައެވެ. މިޝަލްއަށް އެނގޭހާވެސް އެއްޗަކީ ބަލްޤިސް ވާހަކަ އެދައްކަނީ އެކުޑަދޮރުން ބޭރުގައި ހުރި މީހަކާއެވެ. ބަލްޤިސްގެ އަޑުގައިވަނީ ރުޅިވެރިކަމެވެ. އިރުއިރުކޮޅާ ފާޑެއްގެ އަޑެއްލައްވާލައެވެ. ބުޅާއެއްޗެހި ރުޅިއައިސްފައި ހުންނަގަޑީގައި ލައްވާލާ ފަދަ އަޑެކެވެ. ބަލްޤިސް ވާހަކަދައްކަމުން ދިޔައީ ދިވެހި ބަހަކުންނޫނެވެ. އަދި އިނގިރޭސި ބަހަކުންވެސް ނޫނެވެ. މިޝަލް އަކަށް ބަލްޤިސް ކިޔާއެއްޗެއް ދޭހައެއްނުވެއެވެ.

ބަލްޤިސް ތޫލިއަޑަކުން ހަޅޭލަވައި ގަތުމަށްފަހު ކުޑަދޮރުގެ ބިއްލޫރި ގަނޑުގައި ދެއަތްޖައްސާލިއެވެ. މިޝަލް ސިހިފައި އެނދާ ޑްރެސިންގ ޓޭބަލްއާއި ދޭތެރެއަށް ފޭބިއެވެ. އޭނަ ބިރުން ގޮސް މިހާރު ތުރުތުރު އަޅައެވެ. އެވަގުތު ވިދާލި ވިދުވަރުގެ އައްޔާއެކު ކުޑަދޮރުގެ އަނެއްފަރާތުގައި ހުރި ބޮޑު ހިޔަންޏެއް މިޝަލްއަށް ފެނުނެވެ. އަދި ކުޑަދޮރުގެ ބިއްލޫރުގަނޑުން ގޮވާއަޑުގެ ސަބަބުން މިޝަލްއަށް އޭނާގެ ކަންފަތުގައި އަތްއަޅާލެވުނެވެ. އެހިނދު ބަލްޤިސް، މިޝަލްއަށް ބަލާލިއެވެ. މިޝަލްގެ ހަށިގަނޑު ރޫރޫއަޅާލިއެވެ. ބަލްޤިސްގެ ދެލޯ ފެނިފައެވެ. އެދެލޮލުގެ ކަޅިހުރީ ދިއްލިފައެވެ.

ބަލްޤިސް ގެ މޭނެގިނެގިފައި ޖެހޭއިރު ހީވަނީ އެވެސް ނުކުމެގެން ހިނގައިދާނެހެންނެވެ. އޭނާ ބިރުނުގަންނަނީކީ ނޫނެވެ. އެކަމަކު މިވަގުތު ބިރުގަތުމުން ލިބިދާނެ ގެއްލުން މާބޮޑުވާނެއެވެ. ބަލްޤިސް ރުޅިވެރިކަމާއެކު އެއްޗެހިކިޔައެވެ. އޭނައަށް ކުޑަދޮރުގެ އަނެއްފަރާތުގައި ހުރި އެތި ކިތަންމެ ރީއްޗަކަށްވެސް ފެނެއެވެ.

“ކަލޭ ތީ ކާކު، މީ އަހަރުމެންގެ ސަރަހަދު، ހަމަ މިހާރު މިތަން ދޫކޮށްލާފައި ދާން އުޅޭ” ބަލްޤިސް އޭނާ ވާހަކަދައްކަމުން ދިޔަ ބަހުން ބުނަމުން ދިޔައެވެ.

“އޭތް! މިހިރަ ކުއްޖާ، ކަލޭގެ ގައިގާ ރަސްމަތިފުއްޖެހިއަސް އަހަރެން ބިރެއް ނުގަނޭ، މިރޭ ކަލޭ ވެސް ސަލާމަތެއް ނުވާނެ، އަހަރެން މިއައީ ކަލޭ ބޭނުންވެގެނެއް ނޫން، އެހެރަ އިންސި އަހަންނާ ހަވާލުކުރޭ، ކަލޭ މިތަނުން ދޭ، ކަލޭ އަހަންނާ ކުރިމަތިލާވަރަށްވުރެ މާ ބަލިކަށި، ކަލެއަށްވެސް މިހާރު އެކަން އެނގޭނެ…ހަހަހަހަހާ…” އޭނާ ބަލްޤިސްއަށް މަލާމަތްކުރާފަދަ  ރާގަކަށް ހޭންފެށިއެވެ.

“އަހަރުމެންނަކީ ކަލޭމެންނަށް ވުރެ ބާރުގަދަ ބައެއް، ކަލޭ އެ އިންސި ބޭނުމިއްޔާ ޖެހޭނީ އަހަންނާ ކުރިމަތިލާން، އަދިވެސް އަހަރެން ކަލެއަށް ހަދާންކޮށްދެން، އަހަންނަކީ ބަލްޤިސް، އަހަރެންމީ އަންހެނަކަށްވެފައި ކަލެއަށްވުރެ އުމުރުން ހަގަސް، ބާރުގެ ގޮތުން ދެރައަސް، ކަލެއަށް އެންމެ ތަންފުކެއްވެސް ދޫނުކުރާނަން، އަނެއްކޮޅުން އަހަންނަށް ކަމެއް ވިޔަސް އެ އިންސިގެ ހަށިގަނޑުގައި ހިމަކޫރެއް އެޅިލިޔަސް ކަލޭގެ ދުވަސް އެހިސާބުން ދިޔައީ، އެއީ ކަލޭ ދެން އުމުރުދުވަހު އުޅެން ޖެހޭނީ ފިލައިގެން، އެކަމަކުވެސް މީކާޢިލް ކަލޭ ހޯދާނެ، އެކަމުގެ ބަދަލް ކަލޭގެ ކިބައިން ހިފާނެ، ކަލޭގެ ތިބާރުތަކަކީ އޭނާގެ ކުރިމަތީ އެއްވެސް އެއްޗެއް ނޫން” ބަލްޤިސް ގޮތެއް ދުލެއް ނުކުރިއެވެ. އެކަމަކު އެއީ ހަމަތެދެކެވެ. އޭނާގެ ހަށިގަނޑުގައި ފުރާނަ ހުރިހާ ހިނދަކު މިޝަލްގެ ގައިގާ އިނގިލި ކުރިވެސް ޖައްސާލިޔަކަ ނުދޭނެއެވެ.

“ރޫފަސް، އާން! ރޫފަސް…ހަހަހަހާ…އަހަނަށް ކިޔަނީ ރޫފަސް، އަހަރެން ބިރެއް ނުގަނޭ މީކާޢިލްދެކެ، އެ އިންސިއަކީ އަހަރެންގެ މިލްކެއް، އޭނާ އެހެން އެއްވެސް މީހަކަށް ނުލިބޭނެ، އޭނަ ބޭނުންވާ އެންމެންގެ ނަން އަހަރެން ފޮހެލާނަން، އޭގެތެރޭ ކަލޭގެ ނަންވެސް” ރޫފަސްގެ ރުޅިގަނޑު ދިޔައީ ގަދަވަމުންނެވެ. އޭނަގެ ދެއަތުން ކުޑަދޮރުގެ ބިއްލޫރިގަނޑުގައި ޖެހިއެވެ. އެވަގުތު ވަރަށް ބާރަށް ގުގުރާލިއެވެ. ކުޑަދޮރުކައިރީން އަލިފާންކަނި ބުރައިގެންދިޔައެވެ. ރޫފަސްގެ ލޯ ހީވަނީ ރަތްއަނގުރުގަޑެއްހެންނެވެ.

ދެއަތުން ކުޑަދޮރުގެ ބިއްލޫރިގަނޑުގައި ހިފަހައްޓައިގެން ހުރި ބަލްޤިސް އާއި ދިމާލަށް ބިއްލޫރިތަށް ބުރައިގެންދިޔައެވެ. ބަލްޤިސް އަށް މޫނާދިމާލަށް ކަނާތް ހުރަސްކޮށްލެވުނީ ކިރިއާއެވެ. އޭނާގެ ދެއަތް މުޅިން ޒަހަމްވިއެވެ. ދެއަތަށްވަނީ ބިއްލޫރިކޮޅުތައް ވަދެފައެވެ. ރޫފަސްގެ ހަރަކާތް ވަރަށް އަވަހެވެ. އޭނާ މިޝަލްގެ ކޮޓަރިތެރެއަށް ދެމިގަންނަމުން ބަލްޤިސްގެ ކަރުގައި ހިފިއެވެ. އެއާއިއެކު ބަލްޤިސްގެ ފައި ކުޑަކޮށް ފަހަތަށް ކަހާލިއެވެ. ނަމަވެސް ބަލްޤިސް ރޫފަސްގެ މޭގައި އަތްއެޅިއެވެ. އަދި އަނެއްއަތް ފާރުގައި ޖައްސާލިއެވެ. އޭރު ބަލްޤިސްގެ ދެއަތުންވެސް ލޭތަށް ފައިބައެވެ. ބަލްޤިސް ފާރުގައި އަކައެއް ކުރެހިއެވެ. އަދި ބާރަށް އޭގައި އޭނާގެ ބޮޑުއަތްތިލައިން ފާރުގައި ހުރި އަކައިގައި ޖެހިއެވެ. އެއާއެކު ފެނުނީ ބަލްޤިސްގެ އަތް ދަގަޑުއެއްޗެހި ދޮންވާގޮތަށް ދޮންވާތަނެވެ. މަޑުއޮރެންޖުކުލައަކަށް ބަދަލްވަމުންދާތަނެވެ. އޭރު ބޭރުގަޖެހެމުން ދިޔަ ގަދަވަޔާއިއެކު ވިއްސާރަތިކިތަށް ކޮޓަރިތެރެއަށް ވަންނަމުން ދިޔައެވެ.

މީކާޢިލް ބޯއަރިކޮއްލާފައި އުޑުމަތި ބަލާލިއެވެ. މިއިން އިރަކު ވިއްސާރަ އަލިކުރާނެ ކަމުގެ ނިޝާނެއް ނެތެވެ. ވަޔާއެކު އައި ފެންތިކި ގައިގާ ޖެހުމުން އޭނައަށް އެހެންކަހަލަ އިހްސާސެއް ކުރުވިއެވެ. މިޝަލްގެ މަތިން ހަނދާންވިއެވެ. އެމީހުންނަށް ނުރައްކަށްލެއް ކުރިމަތިވެއްޖެކަމުގެ އިހްސާސެއް މީކާޢިލްއަށް ކުރުވީ ކީއްވެކަމެއް ނޭނގުނެވެ. ކޮންމެ ގޮތެއްވިޔަސް އޭނައަށް ބަލްޤިސް ގޮވާކަމުގައި ސިކުނޑި ބުނަމުންދިޔައެވެ. ސިހިފައި ފަހަތަށް ބަލާލީ ޒިޔަޒެލް މީކާޢިލްގެ ކޮނޑުގައި ޖަހާލުމުންނެވެ.

“ކޮން ޚިޔާލެއްގައި، އެރޭ ގޮސްފަ އައިފަހުން އަބަދު ތިހުންނަނީ ކޮންމެވެސް ޚިޔާލަކަށް ގެއްލިފަ، ބުނެބަލަ، އެރޭ އަނެއްކާ ކަމަކާ ކުރިމަތިވީތަ؟” ޒިޔަޒެލް އަހާލިއެވެ.

މީކާޢިލް އެރޭގެ މަތިން ހަނދާންވުމުން އޭނާގެ ތުންފަތަށް ތަފާތު ހިނިތުންވުމެއް ވެރިވިއެވެ. އެކަމަކު އޭނާގެ ހިތާ ސިކުނޑި މިރޭ އޮބިނޯވެގެން ސިގްނަލް ދޭކަންތަކުގެ ވާހަކަ ޒިޔަޒެލް ގާތު ބުނެލިއެވެ. އަނެއްކޮޅުން އޭނާ މިޝަލްއާ ގާތްވުމުން މިޝަލްއަށް ވީގޮތުގެ މަންޒަރު ސިކުނޑީގައި ހަރުލާފައި ހުއްޓެވެ. އެކަމާ ވެސް ސުވާލު އުފެދެއެވެ. އެހެންނަމަވެސް ޒިޔަޒެލް ގާތު އެކަން އެގޮތަށް ދިމާވާންޖެހޭ ސަބަބު އޮޅުންފިލުވަން މީކާޢިލް ލަދުވެތިވެއެވެ. އެވާހަކަ ނުދެއްކުނީ ވެސް އެހެންވެއެވެ.

“ނޫން މިރެއަކު ދާނެކަމެއްނެތް”ޒިޔަޒެލް އޭނާގެ ބަސް ބުންޏެވެ.

“އެކަމަކު ކުރަން އައިކަންތައްވެސް ނިމިއްޖެއެއްނު، ދެން…” މީކާޢިލް ޒިޔަޒެލްއަށް ބަލާލަމުން ބުނެލިއެވެ.

“އަހަރެން މީކާޢިލް ނުފޮނުވާކަށް ނޫޅެމޭ، އެކަމަކު މިރޭ މިތޫފާނުގައި ފޮނުވަން ބޭނުންނުވަނީ، މީކާޢިލްގެ ހިތްހަމަ ޖައްސާދިނުމަށް އަހަރެން އެމީހުންގެ ހާލު ބެލުމަށް މިޒަރެން ފޮނުވަފާނަން” ޒިޔަޒެލް ބުނެލިއެވެ.

“ނޫން، އެއީ އަދި ކުޑަ ކުއްޖެއް” މީކާޢިލް ހިތްހަމަ ނުޖެހުނެވެ. “އޭނަ ކުޑައެއްކަމަކު އޭނަވަރަށް ހަލުވިވާނެ، ބަލަ އަހަރެންނޭ އޭނަ ބަލާ އެވަރުކުރީ، އަހަންނަށް އޮތްއިތުބާރު އެކުއްޖާއަށްވެސް ކުރަންވާނެއެއްނު ދޯ މިޒަރެން” ޒިޔަޒެލް ކައިރީގައިހުރި މިޒަރެންގެ ކޮނޑުގައި ހިފާ ތަޅުވާލަމުން ބުނެލިއެވެ. މީކާޢިލް އެކަމަށް އެއްބަސްވިއެވެ.

ޒިޔަޒެލް މިޒަރެންގެ ބޮލުގައި ބޮޑުހަންގަނޑެއްހެން އޮތްއެއްޗެއް އަޅުވާލުމަށްފަހު ކަރުދޮށުން އައްސާލިއެވެ. މިޒަރެންގެ ހަށިގަނޑު ވިއްސާރައިން ސަލާމަތް ކުރުމުގެ ގޮތުންނެވެ. މިޒަރެންވެސް އާއްމުކޮށް އޭނަ ބޭރަށް ނުކުންނަށްއިރު އުނުގަނޑުގައި އަޅުވާފައި އޮންނަ ބެލްޓުއަޅާލިއެވެ. އޭގައި ވަނީ ކުޑަކުޑަ ފުޅިއަކާ ވަޅިއެއް ހަރުކޮށްފައެވެ. މީކާޢިލް އާއި ޒިޔަޒެލްއަށް ސަލާމް ކުރުމަށްފަހު ބޯވިއްސާރަގަނޑުގެ ތެރެއަށް ސިންކުތުކޮޅެއްގެ ތެރޭ މިޒަރެން ގޮސްގެއްލިއްޖެއެވެ.

މިޒަރެންނަށް މިޝަލްގެ ގެޔާއި ކައިރިވެވުނުވަރަކަށް ނުރައްކަލުގެ އިންޒާރުތައް ލިބެމުންދިޔައެވެ. އޭނަގަސްތަކުގެ ނިވަލުން ބޭރަށް އެގެ ފެންނަހިސާބަށް ނުކުތްއިރު ފެނުނު މަންޒަރުން ހުއްޓުންއަރާގޮތްވިއެވެ. އެކަމަކު ބަލްޤިސްއަށް އެހީވުމަށް އަވަސްވެގަތެވެ.

ފާރުގައި ޖައްސައިގެން ހުރި އަތްތިލަ ދޮންވަމުންދިޔަވަރަކަށް ބަލްޤިސް ރޫފަސްގެ މޭގައި ޖައްސައިގެން ހުރިއަތްވެސްދިޔައީ ހޫނުވެ ދޮންވަމުންނެވެ. ދެއަތްތިލާގެ ދަށުންވެސް ދުން ނުކުންނަންފަށައިފިއެވެ. ރޫފަސް ބަލްޤިސްގެ މޫނުގައި ދެތިންފަހަރު ޖަހައިފިއެވެ. ނަމަވެސް އޭނާގެ ތުންތެޅުވުމެއް ނުހުއްޓެއެވެ. ބަލްޤިސް ރޫފަސްއަށް ބަލާލިއެވެ. އަދި ބާރަށް އޭނަ ކިޔަމުންދިޔަ ކިޔަވެލިކިޔަވަން ފެށިއެވެ. ބާރު ހަޅޭކަކާއެކީ ރޫފަސްއަނެއްކާވެސް ބޭރަށް ދެމިގަތެވެ. ހީވީ ގެއަށްވެސް ލޮޅުންއެރިހެންނެވެ. ބަލްޤިސް ހުރިދިމާލަށް ވެއްޓުނެވެ. މިޝަލް ހަޅޭ ލަވައިގަތެވެ. އެއާއެކު ބަލްޤިސްއާއި ދިމާލަށް އަންނަން އުޅުނެވެ. ބަލްޤިސް މިޝަލްއަށް އަތުން އިޝާރާތްކުރީ ހުރިތާހުރުމަށެވެ.

ކުޑަދޮރުން ފުއްމާލި މިޒަރެންގެ ވަހާއެކީ ބަލްޤިސް އަތްހޫރާލިއެވެ.

“ބަލްޤިސް އަހެންނޭ، މީ މިޒަރެންނޭ، ބަލްޤިސް” މިޒަރެން ބަލްޤިސްގެ އަތުން ރެކިލަމުން ބުނެލިއެވެ. ބަލްޤިސް ބަލާލިއެވެ. މިޒަރެން ބަލްޤިސް ކޮޅަށް ތެދުވުމަށް އެހީތެރިވެދިނެވެ. ވިދުވަރެއްހެން މިޝަލްގެ ގާތަށް އައެވެ. ބަލްޤިސްއަށް މިޒަރެން ފެނުމުން އާހިތްވަރެއް ލިބުނުކަހަލައެވެ.

“އޭނާ އެއަންނަނީ”މިޒަރެން މިޝަލްގެ ގާތުގައި ބަލްޤިސް ބޭންދުމަށްފަހު ބުންޏެވެ. މިޒަރެން ރޫފަސްއާއި ކުރިމަތިލާން އުޅުނެވެ. “ނޫން، މިޒަރެން، އޭނާ ކަލޭ މަރާލަން ނުނަގާނެ ސިކުންތެއްވެސް، އޭނާގެ އެއްފަޅިއަކީ އަހަރުމެންގެ މީހެއް، މިވަގުތު އަހަންނަށް ކަލޭގެ ބާރު ވަރަށް މުހިއްމު” ބަލްޤިސް ބުނެލިއެވެ. ބަލްޤިސްގެ މޫނު ކުރިއަށްވުރެ ހުދުވަމުންއަންނަކަން މިޝަލްއަށް ފާހަގަ ކުރެވުނެވެ. އަދި ބަލްޤިސް އާއިއެކު އިތުރުމީހަކު މިހާރު ހުރިކަން މިޝަލްއަށް އެނގުނެވެ. މިޝަލްއަކަށް މިޒަރެންއެއް ނުފެނެއެވެ.

ބަލްޤިސް ބޭނުންވީ ރޫފަސް އެމީހުންނާހަމައަށް އަންނަން ވާއިރަށް އެތިންމީހުންގެ ވަށައިގެން ބުރެއް ކުރަހާށެވެ. އެއީ ބަލްޤިސްގެ އެންމެ ފަހު ހަތިޔާރެވެ. އޭގެފަހުގައި އޭނާ ދުނިޔޭގައި ހުންނާނެކަމެއް ޚުދު އޭނައަށްވެސް ނޭނގެއެވެ. ބަލްޤިސް، މިޝަލްގެ ޑްރެސިންޓޭބަލްމަތީ ހުރި ލިފްސްޓިކެއް ނެގިއެވެ. އޭނައަށް އޭގެން ކުލައަންނަންކަން އެނގެނީ މިޝަލް އޭތި ތުންފަތުގައި ޖައްސާތަން ބަލްޤިސްއަށް ފެނިފައި ހުރީމައެވެ. އޭތި ނަގާ އެމީހުންގެ ވަށައިގެން ވަށްކޮށް ބުރެއް ކުރެހިއެވެ. މިޝަލްއަށް ބަލްޤިސްގެ ތުރުތުރު އަޅައަޅާއޮތް އަތުން ލޭގަނޑު ފައިބާތަން ފެނެއެވެ. އަދި ދެއަތްނަގާ މިޒަރެންނަށާއި މިޝަލްއަށް ދިއްކޮށްލިއެވެ. މިޝަލްއަށް އޭރު ރޮވެނީއެވެ. މިޝަލް ޖެހިލުންވެފައިނދެ އެއަތުގައި ހިފިއެވެ. ރޫފަސް އަންނަތަން އޭރު ފެނުނެވެ. ބަލްޤިސް ދެލޯ މަރާލުމަށްފަހު އެއްޗެއް ކިޔަންފެށިއެވެ. މިޒަރެން ރޫފަސްއާއި ދިމާލަށް އޭނަގެ އުނަގަނޑުގައި އަޅާފައިވާ ބެލްޓުގައި ހުރި ކުޑަފުޅިން ކުނޑިތަކެއް ރޫފަސްއާއި ދިމާލަށް އުކާލިއެވެ. އެއާއެކު އެކުނޑިތަކުގައި ހުޅުހިފިއެވެ.

އިރުކޮޅެއްގެ ތެރޭ ބަލްޤިސް މިޝަލްގާތު ލޯމަރާލުމަށް ބުންޏެވެ. އަދި ކޮންމެ ކަމެއްވިޔަސް ލޯނުހުޅުވުމަށް ބުންޏެވެ. މިޝަލް ދެލޯ މަރާ ތަގުޅިކުރިއެވެ. މިޝަލްއަށް އިހްސާސް ކުރެވުނީ އުސް އިމާރާތަކުން ތިރިއަށް ވެއްޓެމުންދާފަދަ އިހްސާސްއެކެވެ. ބަލްޤިސް ހީވަނީ ދެންމެދެންމެ ވެއްޓިދާނެހެންނެވެ.

މިޝަލްއަށް އޭނާގެ ފަޔަށް ފިނިވާންފެށިހެންހީވިއެވެ. އަދި ވާރެގެ ތިކިތަކުގެ ހަމަލާއަންނަހެން ހީވިއެވެ. ބަލްޤިސްގެ ޚަބަރުހުސްވެގެން ވެއްޓުނީއެވެ. މިޝަލްގެ އަތުތެރޭން ބަލްޤިސްގެ އަތްދޫވުމާއެކު މިޝަލްއަށް ލޯހުޅުވާލެވުނެވެ. އޭނައަށް ބަލްޤިސް އޮތްތަންނޫން އެހެންތަނެއް ނުފެނެއެވެ. ވަށައިގެންވަނީ ބޯގަސްތަކެވެ. ބަލްޤިސްގެ ދެވަރަ ފެތުރިފައިއޮތެވެ. ފެންނަފެނުމަށް ހީވަނީ ވާހަކަފޮތްތަކުގައާއި ފިލްމުތަކުގައި ސިފަކޮށްދޭފަދަ އޭންޖެލްއެއް ހެންނެވެ. މިޝަލްއަށް ބާރަށް ރޯން ފެށުނެވެ. ބަލްޤިސްގެ ބޯހިއްލާލުމާއެކު މިޝަލްގެ އުނގުގައި ބާއްވާލިއެވެ. ބަލްޤިސްއަށް ގޮވަންފެށިއެވެ. ގިނައިރުތަކެއް ނުވެ މިޝަލްގެ އުނގުގައި އޮތް ބަލްޤިސް ގެއްލިއްޖެއެވެ. މިޝަލްގެ ރުއިމުގެ އަޑުގަދަވިއެވެ. ބަލްޤިސް އަށް ގޮވަމުން މިޝަލް އިންތަނުން ތެދުވެ އެނބުރެންފެށިއެވެ.

މިޝަލްއަށް ހުއްޓުންއެރީ މުޅިތަން އަލިވެގެން ދިއުމާއެކުއެވެ. އެދިމާލަށް ބަލާލިއެވެ. މިޝަލްއަށް ދުއްވައިގަނެވުނެވެ. އާނއެކެވެ. އެތާހުރީ މީކާޢިލްއެވެ. އޭނާ މިޝަލްގެ ގާތަށް އައެވެ. އޭނަގެ ވަރަހުޅުވާލާފައި ހުރިއިރު މުޅިހިސާބުގަނޑުވަނީ އަލިވެފައެވެ. މީކާޢިލް ހުރީ ކަންބޮޑުވެފައެވެ. އޭނާ އަވަސް އަވަހަށް މިޝަލްގެ ނިތްކުރީގައި ބޮސްދިނެވެ. އަދި ބަލްޤިސް ގެއްލުނު ދިމާލަށް ދިޔައެވެ. ބަލްޤިސް އޮތީ ޚަބަރު ހުސްވެފައެވެ. އެހެންވެ މިޝަލްއަށް ބަލްޤިސް ނުފެނުނީއެވެ. މީކާޢިލް ބަލްޤިސް ނަގާ އޭނަގެ އަތްދަނޑިމައްޗަށް އުފުލާލިއެވެ. އޭރު ޒިޔަޒެލް ގޮވައިގެން މިޒަރެން އަތުވެއްޖެއެވެ. ޒިޔަޒެލް ބަލްޤިސްގެ ގައިގާ އެއްޗެއް އޮޅާލިއެވެ. އެއާއެކު އޭނާ ބެރެބެދި ގަހާދިމާލަށް ދިޔައެވެ. މިޝަލް އަށް މިތަނުން އެއްވެސް މަންޒަރެއް ނުފެނެއެވެ. އޭނައަށް ވެގެން އުޅޭ ގޮތެއް ނޭނގެއެވެ. ވަށައިގެންވަނީ ބޯގަސްތަކެވެ. ހުރެވުނީ ކޮންތާކުކަމެއްވެސް މިޝަލްއަކަށް ނޭނގެއެވެ.

“މީކާޢިލް، ބަލްޤިސް، ބަލްޤިސް” މިޝަލް ތުރުތުރު އަޅާވަރުން އަނގައިންވެސް ނުބުނެވެއެވެ. މީކާޢިލް މިޝަލްގެނެސް މޭގައި ޖައްސާލިއެވެ. އަދި ބެރެބެދި ގަސް ކައިރިއަށް ގެނައެވެ. އެވަގުތު ގަހުގެ ތެރެއިން ނުކުތް ޒިޔަޒެލް މީކާޢިލްއަށް އެއްލީ އުޅައެކެވެ. މީކާޢިލް އޭގައި ހިފިއެވެ. އަދި މިޝަލްގެ ކަނާތުގައި ހިފާއުފުލާލަމުން އެއުޅާ އަތުގައި އަޅުވާލިއެވެ.

“މިޝަލް މިއުޅާ ދުވަހަކުވެސް ތިއަތުން ނުނަގާތި، އަހަރެންދެކެ ލޯބިވާހާ ދުވަހަކު ތިއުޅާ މިޝަލްގެ އަތުން ވަކިނުކުރާތި” މީކާއިލް މިޝަލްގެ އަތުގައި ބޮސްދިނެވެ. އަދި މިޝަލްގެ ކަރުނަތައް ފޮހެލަދިނެވެ.

މީކާޢިލް ކުއްލިއަކަށް ފަހަތަށް ބަލާލިއެވެ. އަދި މިޝަލް ދުރުކޮށްލުމަށްފަހު ދުރައްޖެހުނެވެ. މިޒަރެން މިޝަލްގެ ގާތުގައި މަޑުކޮށްލައިގެން ހުއްޓެވެ. ޒިޔަޒެލް ބަލްޤިސްއަށް ބޭހެއް ދެވޭތޯ އުޅުނެވެ. އޭނައަށްވެސް އެތެރޭގައި މާގިނައިރަކު ނީނދެވުނެވެ. އޭނަވެސް ބަލްޤިސްގެ ގައިގާ ފޮތިގަނޑެއް އަޅާލުމަށްފަހު މިޝަލް އާއި ދާދިގާތުގައި ހުއްޓިލިއެވެ. މިޝަލްއަށް މީކާޢިލް ގެއްލުނެވެ. އަނެއްކާވެސް އަނދިރިކަން ވެރިވިއެވެ. މިޝަލް މީކާޢިލްއަށް ގޮވާލިއެވެ.

މިޝަލްގެ ދާދި ގާތުގައި މަޑުކޮށްލައިގެން ހުރި ޒިޔަޒެލް ހުރީ އަޖައިބުވެ އަންތަރީސްވެފައެވެ. މިޝަލް މީކާޢިލް ނުފެނުމުން އުޅޭގޮތްފެނިފައެވެ. އޭނައަށް ޤަބޫލުނުކުރެވިފައެވެ. އިންސިއެއް ޖިންނިއެއްދެކެ އެވަރަށް ލޯބިވެދާނެ ބާއެވެ. އޭނާއަކީ ކާކުކަން އެނގުނީމަވެސް އެހާލޯބިވަނީ ކީއްވެބާއޭ ޒިޔަޒެލް ހިތަށްއެރިއެވެ. މިޝަލްއަށް ރޮވެންފެށުނެވެ. މީކާޢިލްއަށް ވީގޮތެއް ނޭނގުނީމައެވެ. ކައިރީގައިހުރި މިޒަރެން ޒިޔަޒެލްއަށް ބަލާލިއެވެ. ޒިޔަޒެލް މިޝަލްގެ ކަންފަތް ކައިރިއަށް ގުދުވިއެވެ.

“އޭ ކުއްޖާ ފުޅާ، އަހަރެންނަށް ކިޔަނީ ޒިޔަޒެލް، ކަލޭ ބަލަން ބޭނުންވަނީތަ މީކާޢިލް ކުރާކަމެއް، އެހާ ހިތްވަރު އެބަހުރިތަ، ކަލޭ ބޭނުމިއްޔާ އަހަންނަށް ކުޑަވަގުތު ކޮޅަކަށް ފެންނަގޮތްހަދާދެވިދާނެ” ޒިޔަޒެލް މިޝަލްގެ ކަންފަތްދޮށުގައި ބުނެލިއެވެ. މިޝަލް ވަށައިގެން ހޯދާލިއެވެ. ކާކުތޯ ހޯދާފަދަ ގޮތަކަށެވެ.

“ޒިޔަޒެލް، ކަލެއަށް އެކަން ކުރެވެންޏާ އަހަންނަށް އެކަން ކޮށްދީ، އަހަރެން މީކާޢިލްއަށް ދެރައެއް ލިބޭކަށް ނޭދެން، އެކަމަކު ތީގެ ބަދަލުގައި އަހަންނަށް ކަލެއަށް އެއްވެސް އެއްޗެއް ނުދެވޭނެ، އަހަންނަކީ ހަމައެކަނި މީކާޢިލްގެ މީހެއް” މިޝަލް ރޮމުން ރޮމުން އިސްޖަހާލިއެވެ.

ޒިޔަޒެލް، މިޝަލްގެ ކުރިމައްޗަށް ހުއްޓުނެވެ. މިޝަލް ބަލާލިއެވެ. ބޮޑު މީހެކެވެ. އެއްފަރާތް ހުރީ މީކާޢިލް ކަހަލަ ރީތިމީހެއްގެ ސިފައިގައެވެ. އަނެއްފަރާތް އޮތީ ހަންގަނޑު ދިޔާވެގެން ފާބައިފައިވާ ފަދަ ގޮތަކަށެވެ. މިޝަލްއަށް ޒިޔަޒެލް ފެނުމާއެކު އަޑުގެ ނެތްކޮޅަށް ހަޅޭއްލަވައި ގަނެވުނެވެ. އެކަމަކު އޭނާ އަނގަމަތީ އަތްއެޅިއެވެ. ޒިޔަޒެލް ވަގުތުން ގެއްލުނެވެ.

“އަހަރެން ހަޅޭއްލަވައިގަތީ ގަސްތުގައެއް ނޫން، ކުއްލިއަކަށް ފެނުމުން އެހެންވީ، އަހަރެން ކަލޭދެކެ ބިރެއް ނުގަނޭ، ހެޔޮނުވާނެ ނުދޭ” މިޝަލް އާދޭސް ކުރަންފެށިއެވެ.

ޒިޔަޒެލް، މިޝަލްގެ ގާތުގައި ހުއްޓުނުތަން މިޝަލްއަށް ފެނުނެވެ. މިޝަލް ހިތްވަރުކޮށްފައި އޭނާއަށް ބަލާލިއެވެ. ގަދަ ފިންޏާ ގަނެފައިވާ ބިރެއްގެ ސަބަބުން އޭރު މިޝަލްގެ ހަށިގަނޑު ރޫރޫއަޅައެވެ. ޒިޔަޒެލް މިޝަލްގެ ނިތުގައި ހިފަހައްޓާލުމަށްފަހު އެއްޗެހިތަކެއް ކިޔަވަންފެށިއެވެ. މިޝަލްގެ ބޮލަށް ބަރުވާހެންވެސް ހީވެއެވެ. އަދި ޒިޔަޒެލް މިޝަލްގެ މޫނުގައި ނިތުންފެށިގެން ތިރިއަށް އަތްހާކާލިއެވެ. ދެން ލޯހުޅުވާލުމަށް ބުނުމުން މިޝަލް ލޯހުޅުވާލިއެވެ.

މިޝަލް އަވަސް އަވަހަށް ބަލާލީ މީކާޢިލް ދިޔަ ދިމާލަށެވެ. އެއާއިއެކު މިޝަލްއަށް ދެތިންފިޔަވަޅު ފަހަތަށް އެޅުނެވެ. އެވަގުތު ޒިޔަޒެލް ވާހަކަދައްކަންފެށިއެވެ. އޭނާ ރޫފަސްގެ ވާހަކަ ކިޔާދިނެވެ. މީކާޢިލް، ރޫފަސް އާއި ކުރިމަތިލުން ނޫންގޮތެއް ނޯންނާނެކަމަށް ބުންޏެވެ. މިޝަލްއަށް ބާރަށް ރޮވެންފެށުނެވެ. މީކާޢިލް އާއި ރޫފަސްގެ ކުރިމަތިލުން ފެނިފައެވެ. އޭނާ އިރުއިރުކޮޅާ ސިހެއެވެ. އަލިފާން ގުޅަގުޅަ ވެސް މިޝަލްއަށް ފެނުނެވެ. ރޫފަސް ކައިރީގައި ހުރި ގަހެއް ނަގާ މީކާޢިލް އާއި ދިމާލަށް އެއްލިއެވެ. އެކަމަކު މީކާޢިލް މާކުޅަދާނައެވެ. އޭނާ ރޫފަސް ވައްޓާލިއެވެ.

މީކާޢިލްގެ ދެލޯ ހުރީ ދިއްލިފައެވެ. އޭނާގެ އެރީތިމޫނުމަތީގައިވަނީ ރުޅިވެރިކަމެވެ. އޭނާ ބޭނުންވި ވަގުތު އައީއެވެ. ރޫފަސް ނަގާ ބިއްމަޗަށް ޖެހިއެވެ. އެވަގުތު ބިންގަނޑަށްވެސް އެނގުންވެގެން ދިޔައެވެ. މީކާޢިލް ރޫފާސްގެ ކަރުގައި ހިފިއެވެ. އަދި އަނެއްއަތް ރޫފަސްގެ ކަޅުކޮށްހުރި އަތުގައި ހިފަހައްޓައިގެން ކުޑަކަކޫ މައްޗަށް އިނެވެ.

“ކަލޭ އަހަރެންގެ ގާތުން މާފަށް އެދެފިނަމަ، އަދިވެސް އަހަރެން ކަލޭ ދޫކޮށްލަފާނަން، އެކަމަކު ކަލޭ ތިދިމާކުރީ އަހަރެންގެ ފުރާނަވެސް އެބަޔަކަށް ގުރުބާން ކުރާވަރު ބަޔަކާ، އެކަކީ އަހަރެންގެ މިދެލޮލުގެ ނޫރު، އެހެރަ އިންސިއަކީ އަހަރެންގެ މޭގައި މިހިނގާ ހިތް، މިހިތުގެ ވިންދު، ކަލޭ އެކަން ހަދާންކުރާތި” މީކާޢިލް ބުނަމުން ދިޔައެވެ. ރޫފަސް ވެއްޓިފައި އޮތްއިރު އޭނަވަނީ މީކާޢިލްގެ ކަރުގައި ދެއަތުން ހިފާފައެވެ.

“އަހަރެން އެއްވެސް މީހެއްގެ މާފެއް ބޭނުމެއް ނޫން، ކަލޭ ހީކުރީ އަހަރެން ކަލޭދެކެ ބިރުގަންނާނެ ކަމަށްތަ….ހެހެހެހެ….މަށެއް ބިރެއް ނުގަނޭ، އަހަރެން އެއިންސިގެ ޖިސްމުގެ އެންމެތަންފުކެއްވެސް ކަލެއަށް ދޫނުކުރާނަން، އަދިއަމުދުން މިހާރު އަހަރެން ބޭނުންވަނީ އެހަށިގަނޑުގެތެރެއަށް ވަދެއޮންނަން” ރޫފަސް މިހެން ބުނުމުން މީކާޢިލްގެ ރުޅިގަނޑު ކޮންޓްރޯލުންނެއްޓިއެވެ. މީކާޢިލް އޭނާގެ އަތަށް ބާރުލަމުން ހަޅޭ ލަވައިގަތެވެ. އެވަގުތު ހުޅުފަޅައިގެންދިޔައެވެ.

މިޝަލްއަށް މިމަންޒަރު ފެނުމުން ހަޅޭލަވައިގަނެވުނެވެ. އަދި ހަމައެވަގުތު ޚަބަރުހުސްވެގެން ވެއްޓެންދިޔައެވެ. ޒިޔަޒެލްގެ ފަހަތުގައި ހުރި މިޒަރެން މިޝަލްގެ ގައިގާ ހިފަހައްޓާލިއެވެ. ޒިޔެޒަލް މިޝަލްއަވަހަށް އެތެރެއަށްވެއްދިއެވެ.

ޒިޔަޒެލް ބަލްޤިސް އާއި މިޝަލްގެ ނިތްކުރީގައި ބޭސްފޮތިގަނޑެއް ބާއްވައިގެން އިނެވެ. އެދެމީހުންވެސް ހޭއަރާނެ އިރަކަށެވެ. އެކަމަކު ޒިޔަޒެލްއަށް މިޝަލްގެ ހަށިގަނޑުން ވަރަށް ތަފާތުކަމެއް ފާހަގަކުރެވުނެވެ. އޭނާއަށް މިޝަލްއަށް ބަލަހައްޓައިގެން އިނދެވުނީ އޭނައަށް ހީވާ ހީވުމަކީ ތެދަކަށްވެދާނެބާއޭ ހިތަށް އަރާވަރުންނެވެ. މީކާޢިލް އެފަދަ ކަމެއް ކޮށްފާނެބާއޭ ހިތަށް އަރާތީއެވެ. އެތަނަށް އައި މީކާޢިލް ހާސްކަމާއެކު ބަލްޤިސް އަށާއި މިޝަލްއަށް ބަލާލިއެވެ.

“ޒިޔަޒެލް، ބަލްޤިސް..” މީކާޢިލްއަށް ބުނެލެވުނެވެ.

“ބަލްޤިސްއަކީ ވަރަށް ނަސީބުގަދަ ކުއްޖެއް، އެކަމަކު އެއީ އަހަންނަށް އެވަގުތު މިޒަރެން ފޮނުވުނީމައި، އޭނާ ހޭއަރާނެ އިރެއް އަހަންނަކަށް ބުނެދޭކަށް ނޭނގޭ، މީ އޭނާގެ ފުރާނަދާވަރުގެ ކަމެއް” ޒިޔަޒެލް އޭނާގެ ވާހަކަ ހުއްޓާލުމަށްފަހު ކުއްލިއަކަށް ބޭރުބަލާލެވުނެވެ.

“ބައްޕަ….” މީކާޢިލް ދެލޯބޮޑުވެފައި ޒިޔަޒެލްއަށް ބަލާލަމުން ބުނެވުނެވެ. އަދި އަވަސް އަވަހަށް ދެމީހުން ގެއިން ނުކުތެވެ. ދެމީހުންގެ މޫނުމަތިން ހާސްކަންފާޅުވިއެވެ.

“ޒިޔަޒެލް…ޒިޔަޒެލް…” އައިޒަން އޭނާގެ އަރިސް ހެވިންނާއެކު ބެރެބެދި ގަސް ކުރިމައްޗަށް މަޑުކުރަމުން ހަރުއަޑުން ގޮވާލިއެވެ. އޭރު ޒިޔަޒެލް އާއި މީކާޢީލް ނުކުންނަނީއެވެ. އެމީހުންނަށް އައިޒަންގެ މޫނު ފެނުމާއެކު އޭނާ ހުރީ ވަރަށް ރުޅިގަދަވެފައިކަން އެނގުނެވެ. އެހެންވެ އަވަސްއަވަހަށް އިސްޖަހާލުމާއެކު އޭނާގެ ކުރިމައްޗަށް ޒިޔަޒެލް ހުއްޓުނެވެ. އުމުރުގެ ގޮތުން އައިޒަންއަށްވުރެ ޒިޔަޒެލް އެތައްތަނެއް ދޮށީކަމުގައިވިޔަސް އެވަގުތު އޭނާއެހެރީ އެމީހުންގެ ވެރިޔާގެގޮތުގައި އައިހެވެ. ވެރިމީހާއަށް އިޙްތިރާމް ކުރުމުގެ ގޮތުން ޒިޔަޒެލް ކިޔަމަންވަނީއެވެ. ޒިޔަޒެލްގެ ފަހަތުގައި މީކާޢިލް ހުއްޓެވެ. އޭނަވެސް ހުރީ ބައްޕަ ބުނާނެ އެއްޗަކާއިމެދު ހިތްނުތަނަވަސްވެފައެވެ.

“މީ ކޮންކަންތައްގަޑެއްތަ؟ ޒިޔަޒެލް، އަނެއްކާވެސް އިންސިއެއް އަހަރުމެންގެ ތެރެއަށް ގެންނަން މަސައްކަތް ކުރަނީތަ؟ ކިހިނެއްތަ އަހަރެން ޒިޔަޒެލްއަށް ވިސްނާދޭނީ” ފުރަގަހަށް ދެއަތްލުމަށްފަހު ބޯހޫރުވާލަމުން އައިޒަން ބުންޏެވެ.

“މީކާޢިލް، ކޮބާ ކޮއްކޮ” އައިޒަން، މީކާޢިލްއަށް ބަލާލަމުން އަހާލިއެވެ. މީކާޢިލް އިސްއުފުލާ ބަލާލިއިރު އައިޒަންގެ ކަނާތްފަރާތުގައި އޭނާގެ މަންމަވެސް ހުއްޓެވެ.

“ބަލްޤިސް….ބަލްޤިސް…” މީކާޢިލްއަށް އެވާހަކަތައް ކިޔާދޭނެ ގޮތެއް ނޭނގުނެވެ. އޭނައަށް ބަލާލެވުނީ ޒިޔަޒެލްއަށެވެ.

“އައިޒަން ނިކަން ރުޅިއިސްނުކޮށް ހަމަޖެހިބަލަ، އޭރުންނު ވެގެން މިއުޅޭ ގޮތެއްވެސް ކިޔާދެވޭނީ” ޒިޔަޒެލް މީކާޢިލްއަށް ބޯޖަހާލުމަށްފަހު ވާހަކަދައްކަންފެށިއެވެ.

“މަށަށް އަދިވެސް އިންސިއެއްގެ ވަސް މިދުވަނީ ކީއްވެތަ” އައިޒެން ޒިޔަޒެލް އުޅޭ ގޭގެތެރެއަށް ވަންނަން ދިޔައެވެ. އޭނާގެ ފަހަތުން ޒިޔަޒެލް އާއި މީކާޢިލް އަވަސްވެގަތެވެ.

“މަންމަ ހީކުރީ ދަރިފުޅުމެންނަށް ކަމެއް ވީކަމަށް، އެހެންވެ މިގޮތަށް އަންނަން ޖެހުނީ” މީކާޢިލްގެ ފަހަތުގައި ހުރި އޭނަގެ މަންމަ ބުނެލިއެވެ.

“އަހަރެން މަންމައަށް ހުރިހާ ވާހަކައެއްވެސް ކިޔާދޭނަން، އެކަމަކު މިވަގުތު ބައްޕަ…” މީކާޢިލް ހާސްވެ ކަންބޮޑުވެފައިވާ ރާގަކަށް ބުނެލިއެވެ.

އައިޒަންއަށް ދެފަރާތުގައި ހުރި ދެއެނދުގައި އޮތް އަންހެން ކުދިންނަށް ބަލާލެވުނެވެ. އޭނައަށް ބަލްޤިސް ފެނުމާއެކު އެތާއޮތް އިންސިމަތިންވެސް ހަނދާންނެތުނު ކަހަލައެވެ.

“ބަލްޤިސް، ދަރިފުޅާ، އައިޒަން… މަގޭ ދަރިފުޅު” ބަހީރާ، ބަލްޤިސްގެ އަތުގައި ބޮސްދެމުން ބުނެލިއެވެ. ޒިޔަޒެލް، މިޝަލްއަށް އިނގިލި ދިއްކޮށްލަމުން ވީގޮތް ކިޔާދިނެވެ. އަދި ބަލްޤިސް ހޭއަރާނެ އިރެއް ނޭނގޭ ކަމަށާއި، އޭނާގެ ފުރާނައަށް ގެއްލުމެއްނެތްކަމަށް ބުންޏެވެ.

“ޒިޔަޒެލް، ކަލޭ އެކުދިންނަށް ތިދެނީ ކޮންކަހަލަ ތަރުބިއްޔަތެއް، ކަލޭ ހަނދާންނެތުނީތަ ކަލެއަށް އިންސިއެއް ދިން އަނިޔާ، ވީއިރު ކީއްވެ އެމީހުން ހުއްޓުވަން މަސައްކަތް ނުކުރީ” އައިޒަން ގެ ރުޅިމަޑުވެ އޭނާގެ މޫނުމަތިން ފެންނަމުން ދިޔައީ ހިތާމަވެރިކަމެވެ.

“ބައްޕާ، ޒިޔަޒެލްގެ ކުށެއް ނެތް މިކަމުގައި، ޒިޔަޒެލްގެ ބޮލުގައި މިކަމުގެ އެއްވެސް ތުހުމަތެއް އަޅުވާކަށް އަޅުގަނޑު ބޭނުމެއް ނޫން، ބައްޕާ، އަޅުގަނޑަށް މާފުކުރޭ، އަޅުގަނޑުގެ ސަބަބުން ކޮއްކޮއަށް އެފަދަ ދެރައެއް ލިބުނީތީ އަޅުގަނޑުވެސް ނިހާޔަތަށް ދެރަވޭ، އެކަމާ ވަރަށް ހިތާމަ ކުރަން، މަންމާ، އަޅުގަނޑަށް މާފުކުރޭ، މަންމަގެ ލޯބި ލޯބި ބަލްޤިސްގެ ފުރާނައަށް ގެއްލުން ވާފަދަ ކަމެއް ކުރަން މަޖުބޫރު ކުރެވުނީތީ، މަންމަގެ ތިޔަދެލޮލުން ކަރުނަ ހިލޭފަދަ ކަމެއް ކުރެވުނީތީ، އަޅުގަނޑަށް މާފުކުރޭ…” މީކާޢިލް އައިސް ބަހީރާގެ ފައިކައިރީ އިށީނދެ އޭނާގެ އުނގުގައި ބޯއަޅާލަމުން ބުނެލިއެވެ. ފެންކަޅިވެފައިވާ ބަހީރާ މީކާޢިލްގެ ބޮލުގައި ފިރުމާލިއެވެ.

“މީކާޢިލް، މިއިންސި އޭނާ އުޅޭ ތަނަކަށް ލާންދޭ” އައިޒެން ތެދުވެ މިޝަލްގެ އެނދާދިމާލަށް އައިސް ހުއްޓުނެވެ. މީކާޢިލް އޭނާގެ މަންމަގެ އުނގުން ބޯހިއްލާލިއެވެ. އަދި ބަހީރާއަށް ބަލާލިއެވެ.

“މަންމާ، އެއީ އަޅުގަނޑުގެ ފުރާނަ، އެއިންސިއާ އަޅުގަނޑު ވަކިވާނީ ކިހިނެއް، މަންމަ ވެސް ބުނުއްވަމެއްނު ލޯތްބަކީ ވަރަށް މާތް އެއްޗެކޭ، އަޅުގަނޑު އޭނާދެކެ ވަރަށް ލޯބިވޭ، އަޅުގަނޑަށް އޭނައާ ނުލާ އުޅެން އުނދަގޫވާނެ” މީކާޢިލް ބުނެލިއެވެ. ބަހީރާ ޒިޔެޒަލް އަށް ބަލާލިއެވެ. އެދެމީހުންގެ ދެމެދުގައި ވާހަކައެއް ދެކެވުނެވެ. އެކަމަކު އެކަކުގެ އަނގައިންވެސް އަޑެއް ނުނުކުމެއެވެ.

މިޝަލް ހޭއަރަމުން ދިޔައިރު މަޑުމަޑުން މީކާޢިލްއަށް ގޮވައެވެ. މީކާޢިލް އަވަސް އަވަހަށްއައިސް މިޝަލްގެ ގާތުގައި ކަކޫޖަހާލަމުން އޭނާގެ މަޑުމަޑު އަތްތިލާގައި ދެއަތުން ހިފާލިއެވެ.

“މިޝަލް….” މީކާޢިލް މިޝަލްއަށް ގޮވާލިއެވެ. އައިޒަން އާއެކު އެހެންމީހުން މީކާޢިލްއަށް ބަލަހައްޓައިގެން ތިއްބެވެ. މިޝަލް ލޯހުޅުވާލުމާއިއެކު މީކާޢިލްއަށް ގޮވާލިއެވެ. އޭނާގެ މޫނުގައި އަތްލިއެވެ. ޔަގީން ކުރާށެވެ. ކުރިމަތިން ފެންނަން ހުރީ މީކާޢިލްތޯއެވެ. މިޝަލްއަށް އެއީ އޭނައަށް ފެންނަ ހުވަފެނެއް ނޫންކަން ޔަގީންވުމާއެކު މީކާޢިލްގެ ކަރުގައި އޮޅުލައިގަނެވުނެވެ. އަދި ބާރަށް ރޯންފެށިއެވެ.

“މީކާޢިލް، މީކާޢިލް ކޮންތާކަށްތަ ދިޔައީ، ބަލްޤިސް….އަހަންނަށް އެއްވެސް ކަމެއް ނުކޮށްދެވުނު، އަހަރެންގެ ކުރިމަތީގަ ބަލްޤިސްއަށް އެހެންވީ، އަހަންނަށް މާފުކުރޭ، އަހަރެންގެ ބަލިކަށިކަމާހެދި، މީކާޢިލް ނެތްދުވަހަކުން އަހަރެން މިދުނިޔޭގައި ވެސް އުޅޭކަށް ބޭނުމެއް ނޫން، ބުނޭ، ބުނޭ ދެން ނުދާނަމޭ އަހަރެން އެކަނިކޮށްލާފައި، ބުނޭ މީކާޢިލް….” މިޝަލް ރޮމުން ވާހަކަދެއްކިއެވެ.

މިމަންޒަރު ބަލަންތިބި އައިޒަން އާއި ބަހީރާ ތިބީ ހައިރާންވެ އަންތަރީސްވެފައެވެ. އެކަމަކު ވެސް އައިޒަންއަށް އެއިންސި ގަބޫލުކުރެވޭކަށް ނެތެވެ. މީކާޢިލް އާއި އެއިންސި އާއި ދުރުވުން ނޫންގޮތެއް ނެތެވެ. ބަހީރާއަށް މިޝަލްގެ އަތުގައިވާ އުޅާ ފެނުނެވެ. އެއީ ޒިޔަޒެލްގެ މަސައްކަތްކަން ވަގުތުން އެނގުނެވެ. ބަހީރާ އަކީ އަބަދުވެސް ޒިޔަޒެލްއަށް ތަޢުރީފުކޮށް ވާހަކަދައްކާ ޖިންނިއެކެވެ. އެހެނީ އޭނައަށް ޒިޔަޒެލްގެ ވަރަށް ގިނަ ކަންތައްތައް ފެނިފައިވާތީއެވެ. އަދި އޭނާގެ އެހީތެރިކަން އަދިވެސް ލިބެމުންދެއެވެ.

ބަހީރާ މިޝަލްގެ ގާތަށް ދިއުމަށް އުޅެންފެށުމުން އައިޒަން އޭނާގެ އަތުގައި ހިފެހެއްޓިއެވެ.

“އައިޒަން އެއިންސި އަހަރުމެންގެ ދަރިފުޅު ދެކެ ލޯބިވާވަރު އެބަފެނޭތަ، އޭނައަށް މީކާޢިލްއަކީ ކޮންކަހަލަ މީހެއްކަން އެނގޭއިރުވެސް ލޯބިވާވަރު އެބަފެނޭ، އަނެއްކޮޅުން އަހަރެން އެއްޗެއް ޔަގީން ކުރަންވެސް އެބަޖެހޭ، އައިޒަންއަކީ ތިހާ ހިތްހަރު މީހެއްނޫން” ބަހީރާގެ އެ ޖުމްލައާއެކު އައިޒަން އޭނާގެ އަތުން ދޫކޮށްލިއެވެ.

“ދަރިފުޅާ މަންމަ އޭނައާއި ބައްދަލު ކުރަން ހުރި ވާހަކަ ބުނޭ” ބަހީރާ މީކާޢިލްގެ ގާތުގައި ބުނެލިއެވެ.

“ޝް..ޝްޝް…..ދެން ހުއްޓާލާ، މިހާރު މިހިރީ މިޝަލް ގާތުގައެންނު، ދެންނުދާނަމޭ، އަހަރެ…..އަހަރެންގެ މަންމަ އެބަހުރި މިތާ މިޝަލް އާއި ބައްދަލުކުރަން ބޭނުންވެފައި” މީކާޢިލް މިޝަލް ބުނާނެ އެއްޗެއް ނޭނގޭތީ ހާސްވިއެވެ. މިޝަލް މީކާޢިލްއަށް ބަލާލިއެވެ. އޭނާގެ ލޯ މީކާޢިލް ފޮހެލަދިނެވެ. އަދި މީކާޢިލް މަންމައަށް ދޭންވީ ކޮންޖަވާބެއްތޯ އަނެއްކާ ވެސް އަހާލިއެވެ. މިޝަލް މަޑުމަޑުން ބޯޖަހާލިއެވެ.

މިޝަލްގެ ގާތުގައި އިށިން އަންހެނާ ފެނިފައި މިޝަލްގެ އަނގަހުޅުވުނެވެ. އަޖައިބުވެގެންނެވެ. އޭނައަށް ފެނުނީ މީކާޢިލްގެ ދެލޮލެވެ. ބަލްޤިސްއަށް ވުރެ ފުރިހަމަ ރީތިކަމެކެވެ. ބޮލުގައި އަޅާލައިފައިވާ ފޮތުގަނޑު ދިގުކަމުންގޮސް ތިރިއަށް ފައިބެގެން ގޮސްފައިވާތަންފެނުނެވެ. ދިގުކޮށްހުރި ހެދުމެއް ލާފައިހުރިއިރު އަތްވެސް ހުރީ ދިގުކޮށެވެ. މިޝަލްއަށް ފެނުނީ އޭނާ ދިއްކޮށްލިއަތްތިލައެވެ. މިޝަލްއަށް މީކާޢިލްގެ އަތުގައި ހިފާ ބާރުކޮށްލެވުނެވެ. އަދި އެއަންހެނާގެ އަތުގައި ހިފުމުގެ ކުރިން މީކާޢިލްއަށް ބަލާލިއެވެ. މީކާޢިލް ހިނިތުންވުމާއެކު ބޯޖަހާލުމުން މިޝަލް އޭނަގެ ތުރުތުރު އަޅައަޅާއޮތް އަތްތިލަ ދިއްކޮށްލިއެވެ. ބަހީރާ މިޝަލްގެ އަތްތިލާގައި ހިފާލަމުން އަނެއްއަތްތިލަ މިޝަލްގެ އަތްތިލަ މަތީ ބާއްވާލިއެވެ.

“މީ މީކާޢިލްގެ މަންމަ، ބަހީރާ، ތީ މިޝަލް ދޯ” ބަހީރާ ހިނިތުންވެލަމުން ބުނެލިއެވެ. މިޝަލްއަށް ހަމައެކަނި ބޯޖަހާލެވުނީއެވެ. އާއެކެވެ. އޭނަގެ ރީތިކަމާއެކު އޭނައަށް ބަހީރާ ކިޔަން ހައްޤެވެ. އެހާވެސް ފުރިހަމައެވެ.

“އަހަރެން މިޝަލްގެ ބަނޑުގައި އަތްޖައްސާލިއަސް އެންމެ ރަނގަޅުތަ؟” ބަހީރާ މީކާޢިލްއަށް ބަލާލުމަށްފަހު ބުނެލިއެވެ. މީކާޢިލް މިޝަލް އެނދުގައި ރީތިކޮށް ބާއްވާލިއެވެ. މިޝަލް އެންމެ ހިނދުކޮޅަކަށް ވެސް މީކާޢިލްގެ އަތުން ދޫކޮށްނުލައެވެ. މީކާޢިލް ވެސް އިނީ ބަހީރާ ކުރާކަމެއް ނޭނގިފައެވެ. ބަހީރާ މިޝަލްގެ ބަނޑުގައި ދެއަތްޖައްސާލިއެވެ. އަދި އެކިގޮތްގޮތަށް ޑޮކްޓަރެއް ފަދައިން ޗެކުކުރިއެވެ. ކުއްލިއަކަށް އޭނާގެ ދެލޯ ބޮޑުވިއެވެ. މިޝަލްއަށާ މީކާޢިލްއަށް އަވަސް ނަޒަރަކުން ބަލާލިއެވެ. އަދި އެނދުން ތެދުވިއެވެ. ބަހީރާ ކުއްލިއަކަށް ގެއްލުނެވެ.

“ޒިޔަޒެލް” ބަހީރާއަށް ބުނެލެވުނެވެ. އައިޒަން ވާނުވާނޭނގި ބަހީރާއަށް ބަލައްޓައިގެން ހުއްޓެވެ.

“ޒިޔަޒެލް، ކަލެއަށް ހީވީ ހަމަރަނގަޅަށް، އެކަމަކު އަހަންނަށްވެސް ގަބޫލެއް ނުކުރެވޭ” ބަހީރާ ބުނެލިއެވެ.

“އަހަންނަށް ވީގޮތެއް އޮޅުން ފިލުވަދީބަލަ” އައިޒަން ކެތްމަދުވެފައިހުރެ ބުނެލިއެވެ.

“އައިޒަން، އެއިންސި އޭނދީ ބަލިވެ” ޒިޔަޒެލް ބުނެލިއެވެ.

“ކާކަށް، މީކާޢިލްއަށްތަ” އައިޒަންއަށް އަވަހަށް އަހާލެވުނެވެ.

“މީކާޢިލްއަށް ކަމެއް އަދި ބުނާކަށް ނޭނގޭ، ތި ސުވާލު ކުރަން ޖެހޭނީ މީކާޢިލް އާ” ޒިޔަޒެލް ޔަޤީން ނުވާހާލުގައި ބުނެލިއެވެ.

މީކާޢިލްއަށް އެމީހުންގެ ވާހަކަތައް އަޑުއިވުނެވެ. އޭނާއަށް އިވުނު އަޑު ޤަބޫލުވެސް ނުކުރެވުނެވެ. މިޝަލް ބަލިވެ އިނީ އޭނާގެ ދަރިއަކަށް ކަން އޭނާއަށް ޔަގީންވެއެވެ. އެޚަބަރު މިޝަލްއަށް ދޭނީ ކިހިނެއްބާއޭ މީކާޢިލް ހިތަށް އެރިއެވެ. އޭނާ އުފަލުންގޮސް މިޝަލްގެ ގާތުގައި އިށީނދެ އޭނާގެ އަތުގެ ތެރެއަށް މިޝަލް ގެނައެވެ. އަދި މިޝަލްގެ ނިތުގައި ބޮސްދިނެވެ. ދެން އޭނައާ މިޝަލް އާއި ދުރުކުރުވޭނެ މީހަކު ނުހުންނާނެއޭ މީކާޢިލް ހިތަށް އެރިއެވެ.

އައިޒަން، މީކާޢިލް ގާތު އެއީ މީކާޢިލްގެ ދަރިއެއްތޯ އެހިއެވެ. މީކާޢިލް އައިޒަންއަށް ބަލާލިއެވެ. އަދި އެކަމަށް އެއްބަސްވިއެވެ.

“މިހިސާބަށް ކަންތައް ދިޔައިރު ޒިޔަޒެލް ކީއްވެތަ ނުބުނީ” އައިޒަންއަށް އޭނާގެ ބޮލުގައި އަތްހާކާލެވުނެވެ.

“އައިޒަން، އަހަންނަށްވެސް އެނގުނީ ރޭގައި” ޒިޔަޒެލްވެސް ހުރީ ހައިރާންވެފައެވެ.

“އަހަރުމެންނަކަށް އެކުއްޖާ ދިރިހުންނަން ފުރުޞަތެއް ނުދެވޭނެ، ޒިޔަޒެލް ކަލޭ ކޮންމެވެސް ގޮތެއް ހަދާ، އެއިންސިއަށް އޭނާ އޭނދީ ބަލިވެކަމެއް އެނގިގެން ނުވާނެ” އައިޒެން ޒިޔަޒެލްއަށް ކުރިއަމުރާއެކު މީކާޢިލް ފުއްމައިގެން ތެދުވިއެވެ.

“ބައްޕާ، އެކަމުގެ ސަބަބުން ބައްޕައަށް ފޯރީ ކޮންގެއްލުމެއްތަ، ތިފަދަ ބޮޑުކަމެއް ކުރަން ތިނިންމީ، އެއްފަހަރުވެސް އަހަރެން ގާތު، އަހަރެން ބޭނުންވާގޮތެއް އާހަލަބަލަ، އަހަރެން މިޝަލް ގޮވައިގެން އާއިލާއާ ދުރުގަ ވަކިން އުޅެފާނަމޭ” މީކާޢިލް އައިޒަންގެ ނިންމުމާ ދެކޮޅުހެދިއެވެ. މިޝަލްއަށް މީކާޢިލް ދައްކާ ވާހަކަތައް އަޑުއިވެއެވެ. އޭނައަށް ކޮންމެވެސް ކަމަކާ ދެބަސްވާކަން އެނގުނެވެ.

“މިހާރު ތިކަމުން ގެއްލުމެއް ނުފޯރިޔަސް ފަހުން ފޯރާނެ، މީކާޢިލް ޅަވީމަ އަދި ނުވިސްނެނީ، ޒިޔަޒެލް އަހަރެން ބުނިގޮތަށް ކަންތައް ކުރޭ” އައިޒަން އޭނަގެ ގޮތުގައި ހިފަހެއްޓިއެވެ. ބަހީރާ ހަދާނެ ގޮތަކާމެދު ވިސްނަމުން ދިޔައެވެ. ޒިޔަޒެލްއަށް ހަދާނެގޮތެއް ނޭގިފައި ހުއްޓެވެ. އޭނަ އެކަންކުރަން ޖެހިލުންވަނީއެވެ.

މިޝަލްއަށް ފެނުނީ ކުއްލިއަކަށް ބޮޑު މީހެއް މިޝަލްގެ ކައިރީހުއްޓުނުތަނެވެ. އޭނަ މިޝަލްގެ ގައިގާ އަތްލަން މަސައްކަތް ކުރިއެވެ. އެކަމަކު މީކާޢިލް އޭނަގެ ދެއަތުގައި ހިފަހެއްޓިއެވެ. އައިޒަން އާއި މިޝަލް ހަތަރުކަޅި ހަމަވުމާއެކު ވޭނުން ފުރިގެންވާފަދަ ގޮތަކަށް މިޝަލް ހަޅޭލަވަންފެށިއެވެ.

“ބައްޕާ، ހެޔޮނުވާނެ، އޭނައަށް އެހެން ނުހަދާ، އެއުފެދޭ ގަނޑުލޭކޮޅަކީ އަހަރެންގެ ލެޔޭ، ތިހާ ރަހުމްކުޑަނުވޭ ބައްޕާ” މީކާޢިލް، އައިޒަން، މިޝަލްއާ ދުރަށް ގެންދިއުމަށް މަސައްކަތްކުރިއެވެ. އޭރު މިޝަލް ބަނޑުގައި ހިފަހައްޓައިގެން އޮވެ އެނދުގައި އެނބުރެނީއެވެ. އޭނާ މީކާޢިލްއަށް ގޮވައެވެ.

އައިޒަންއަށް ސިހުމެއްލިބި މައިތިރިވީ މިޝަލްއާއި އޭނައާއި ދެމެދަށް ކުއްލިއަކަށް ބަހީރާ ވަނުމުންނެވެ. “ހީރާވެސް މިކަމުގެ ތެރެއަށް ވަންނަނީތަ، މިކަމުން ނުކުމެދާނެ ނަތީޖާ އަކާއި ދޭތެރޭ ވިސްނާލަބަލަ…..” އައިޒަން ބަހީރާއަށް ވިސްނާދެން މަސައްކަތްކުރިއެވެ.

“އައިޒަން، އަހަރެން ދެކޭ ގޮތުގައި މީ އަދި އެންމެ ރަނގަޅު ގޮތެއް ނޫން، އަހަރެން މީކާޢިލްއަށް މާފުކޮށްފިން، އަހަރެން އެދަރިފުޅަށް އިތުބާރު ކުރަން، ކޮންމެ ގޮތެއްވިޔަސް އެއިންސިގެ ބަނޑުން އެކުއްޖާ ދުނިޔެއަށް އައިސި ކަމަށްވަންޏާ އެކުއްޖާވާނީ އަހަރެންގެ މާމަ ދަރިއަކަށް، އަހަރެންގެ މީކާޢިލްގެ ފުރަތަމަ ދަރިފުޅަށް، އަހަންނަށް އެނގޭ އައިޒަންއަށް މިކަމަށް ގަބޫލުވާން އުނދަގޫވާނެކަން، އެކަމަކު އަހަންނަށްޓަކާ، އަދި އައިޒަން އެންމެ ލޯބިވާ މީކާޢިލްއަށްޓަކާ ގަބޫލުވޭ”ބަހީރާ އައިޒަންގެ ގާތަށް އައިސް ހުއްޓުނެވެ. އޭނައަށް ހަތިޔާރު ތިރިކޮށް އަމާންދޭން ޖެހުނީއެވެ. އައިޒަން ވަގުތުން އެންމެންގެ ލޯމަތިން ގެއްލުނެވެ. ބަހީރާ އެކަމާ ކަންބޮޑެއް ނުވެއެވެ. އެހެނީ އައިޒަން ކަމަކާ މާހާސްވެއްޖެނަމަ އޭނާ ދާނެތަން އެނގޭތީއެވެ.

ބަހީރާ އެނދުގާ ތެޅިފޮޅެމުންދާ މިޝަލްގެ ބޮލުގައި ދެއަތުން ހިފަހައްޓާލުމަށްފަހު ފުމެލިއެވެ. ހަމައެވަގުތު މިޝަލްގެ ބަނޑުގައި ރިހެމުން ދިޔަ ރިހުންގަނޑު ކެނޑިއްޖެއެވެ. އޭނައަށް ހަމަނޭވާ ލެވޭވަރު ވެއްޖެއެވެ.

“މިޝަލް…މިޝަލް…” ގާތުގައި އިން މީކާޢިލް ގޮވާލިއެވެ.

“މަންމަގެ މީކާޢިލް ބޮޑުވީދޯ، ކީއްވެ މަންމަގާތު މިވާހަކަ ނުބުނީ” ބަހީރާ އޯގާތެރިކަމާއެކު އަހާލިއެވެ.

“މަންމާ މީ އަޅުގަނޑު ގަސްތުގައި ކުރިކަމެއް ނޫން، އަޅުގަނޑަށް މިޝަލްދެކެ ލޯބިވެވުނީ، އޭރު އަޅުގަނޑުގެ ހިތަކަށް ނާރާ އިންސިއަކާ ގުޅުމުން އަޅުގަނޑުމެން ދެމީހުންނަށްވެސް ކުރިމަތިވެދާނެ ނުރައްކަލެއް.، މަންމާ އަޅުގަނޑު ވަރަށް ލޯބިވޭ…” މީކާޢިލް އިސްޖަހާލައިގެން އިނދެ ބުނެލިއެވެ.

“ހޫމް……އެކަން މަންމައަށް އެބަ ފެނެއޭ، ދަރިފުޅު ބައްޕަގެ ކުރިމަތީ އިސްވެސް އުފުލާނުލާއިރު މިއަދު އެއިންސިއަށްޓަކާ ދަރިފުޅު ބައްޕައާވެސް ކުރިމަތިލާން ހުރީ ތައްޔާރަށް” ބަހީރާ ބުނެލިއެވެ.

“މަންމާ، މިޝަލްގެ ބަނޑުގައިވާ ދަރިފުޅު” މީކާޢިލްއަށް އަހާލެވުނެވެ.

“މިޝަލްގެ ބަނޑުގައި އުފެދެމުން އެއަންނަ ކުއްޖާއަށް އެއްވެސް ގެއްލުމެއް ނުލިބޭ” ބަހީރާ މިޝަލްއަށް ބަލާލަމުން ބުނެލިއެވެ.

“މިޝަލް ތީދެން އަހަރުމެންގެވެސް ކުއްޖެއް، މިޝަލްއަކީ ޔަގީނުންވެސް ވަރަށް ތަފާތުކަމެއް އެކުލެވިގެންވާ ކުއްޖެއް، އެހެންވެ އަހަރެންގެ މީކާޢިލް ތިގެންދެވުނީ” ބަހީރާ ހިނިތުންވެލަމުން މިޝަލްގެ އަތުގައި ފިރުމާލިއެވެ.

މިޝަލް އިނީ ހައިރާންވެފައެވެ. އެމީހުން ދައްކަމުންދިޔަ ވާހަކަ ރަނގަޅަށް އޮޅުންނުފިލާތީއެވެ. ބަހީރާ ތެދުވެ ޒިޔަޒެލް އާއި ކޮނޑާކޮނޑުޖައްސާ ސަލާމުކުރިއެވެ. އެވަގުތު މީކާޢިލް މިޝަލްގެ ކައިރީ ކުޑަކަކޫ ޖެހިއެވެ.

“އަހަރެން މިޝަލްދެކެ ވަރަށް ވަރަށް ލޯބިވޭ، މިއަދު އަހަރެން ވަކިން އުފާވެއްޖެ، އެރޭ އެ ހިނގި ހާދިސާއިން މިހާފޮނި މޭވާއެއް ލިބުނީމަ، މަންމަ ބުނަން ބޭނުންވި ވާހަކައަކީ… މިޝަލް އިނީ އަހަރެންގެ ދަރިއަކަށް ބަލިވެއޭ” މީކާޢިލް މިޝަލްގެ މޫނުގައި ބޮސްދެމުން ބުނެލިއެވެ. ދުރުގައި ހުރި ޒިޔަޒެލް އެމަންޒަރު ބަހީރާ އަށް ދައްކާލިއެވެ.

އިރުގެ ދޯދިތަކުން ދުނިޔެމަތި ވަނީ ދޮންކޮށްލާފަ އެވެ. ރޭގައި ކުރިގަދަ ވިއްސާރައިގެ ސަބަބުން ބިންގަނޑު ތެމިލާ ގަސްތަކުގެ ފަތްތަކުގައި ފެންތިކިތަށް ހަރުލާފައިވިއަސް އުޑުމައްޗަށް ބަލާލާފައި ވިއްސާރަވިއޭ ބުނާކަށް ނޭނގޭނެ އެވެ. އެހެނީ އުޑުމަތި ދައްކަނީ އެހާވެސް ސާފު ރީތިކޮށެވެ.

ހެދުނު ނުވައެއްޖެހި އިރު ވެސް މިޝަލް ކޮޓަރިން ބޭރަށް ނުކުމެ އުޅޭތަނެއް ހަފްސާއަކަށް ނުފެނެ އެވެ. ހަފްސާ ހީކުރިގޮތުގައި މިޝަލް އަދިވެސް އޮތީ ނިދާފަ އެވެ. އޭނަ ސައިބޮއެ ނިމިގެން ކޮޓަރިއަށް ދަމުން މިޝަލްގެ ކޮޓަރި ތަޅުގައި ހިފާލި އެވެ. ދޮރު ހުރީ ތަޅުލައިފަ އެވެ. އެހެންވެ ހަފްސާ ހިނގައިގަތީ އޭނާގެ ކޮޓަރިއަށްވަނެވެ. އަދި ރީތިވެލީ އޭނާގެ މަސައްކަތަށް ދިއުމަށެވެ.

“ސާޝާ، ޝެބީ ވޭކްއަޕް ކުރައްޗޭ ޓެންގަ” ހަފްސާ ގެއިން ނުކުންނަމުން ބުނެލި އެވެ. ސާޝާ ބޯޖަހާލަމުން އޭނަ ކުރަން ހުރި މަސައްކަތަށް އެނބުރިދިޔަ އެވެ. ސާޝާ ގޭތެރޭގެ މަސައްކަތްތައް ކުރަމުން ދިޔައިރު އިރުއިރުކޮޅާ ފާރުގައި ހުރި ގަޑިއަށް ބަލާލަ އެވެ.

ގަޑިން ދިހައެއް ޖެހިތަނާ ސާޝާ އޭނަ ސާފުކުރަން ހުރި ކެރެޓު ތަށި ބަހައްޓާފައި އަތްދޮވެލައިގެން ގޮސް މިޝަލްގެ ކޮޓަރީގައި ޓަކިޖެހިއެވެ. އަދި މިޝަލްއަށް ގޮވާލިއެވެ. މިޝަލްގެ ޚަބަރެއް ނުވި އެވެ. ސާޝާ ވެސް ދޮރުހުޅުވާލަން ތަޅުގައި ހިފާލި އެވެ. މިޝަލްއަށް ކިހިނެއްވީބާއޭ އޭނާގެ ހިތަށް އެވަގުތުއެރި އެވެ. ތަޅުލާފައި ހުރުމުން ސާޝާ ހިނގައިގަތީ ގޭގެ ގުދަން ހަދާފައިވާ ކުޑަކުޑަ ކޮޓަރިއާދިމާލަށެވެ. އެތަނުގައި ތަޅުދަނޑި އަޅުވާ ފޮށްޓެއް ހުއްޓެވެ. އޭގެން ގޭގެ ހުރިހާ ކޮޓަރިތަކެއްގެ ތަޅުދަނޑިފަތި ނަގައިގެން އައިސް މިޝަލްގެ ކޮޓަރި ހުޅުވާލި އެވެ. އޭނަ އަށް ލިބުނީ ޝޮކެކެވެ. އެކޮޓަރިތެރެ އޮތްގޮތުންނެވެ. ކުޑަދޮރުގެ ބިއްލޫރިތައް ވަނީ ތަޅައިގެންގޮސް ޓައިލްސްތައް މައްޗަށް އެޅިފަ އެވެ. ދޮރުފޮތިގަނޑު އެއްފަރާތަށް ކަހާލާފައި ހުއްޓެވެ. ކުޑަދޮރާދިމާ ފާރުގައި ކަޅުވެފައިވާ ތަންގަޑެއްހުޓެވެ. މުޅި ކޮޓަރިއަށް ހީވަނީ ތޫފާނެއް އައިސްފައިވާހެންނެވެ. އެހާލުގައި މިޝަލް އެކޮޓަރީގައި ނިދިގޮތެއް ސާޝާއަކަށް ނުވިސްނުނެވެ. އޭނަ އެނދުގައި އޮތް މިޝަލްއަށް ބަލާލި އެވެ. އޭނާ އޮތީ ބޮލާއެކު ރަޖާއަޅާލައިގެންނެވެ. މިޝަލްއަށް ގޮވުމަށް ސާޝާ ކޮޓަރިއަށް ވަންނަން ފައިއަޅާލިތަނާ ޑްރެސިންގ ޓޭބަލް އާއި ދިމާ ތިރީގައި ރަތްކުލައިން ކުރަހާފައިވާ ބުރެއް ފެނުނެވެ. ސާޝާ އެދިމާލަށް ތިރިވެ އެބުރުގައި އިނގިލި ހާކާލިއެވެ. އެއާއެކު ޑްރެސިންގ ޓޭބަލް ދަށަށް ގޮސްފައިވާ މިޝަލްގެ ލިޕްސްޓިކެއް ފެނުނެވެ. އެނދުކައިރީވާ ކާޕެޓުގަވެސް އޮތީ ހުސް ބިއްލޫރި ކޮޅުތަކެވެ. އޭނަ މިޝަލްއަށް ގޮވަން އަވަސްވެ ގަތެވެ.

“ޝެބީ، ޝެބީ ހޭލާ، ވޭކް އަޕް ޝެބީ…….” ސާޝާ މިޝަލްގެ ކޮނޑުގައި ކޮއްޓާލިއެވެ. ސާޝާއަށް ފުރަގަސް ދީގެން އޮތް މިޝަލް މަޑުމަޑުން ރަޖާނެގިއެވެ. އަދި ސާޝާއަށް ބަލާލިއެވެ. އެމޫނުގައިވަނީ ވަރުބަލިކަމެވެ.

“ލުކް ދިސް ރޫމް، އައި ގޮޓް ހެޑޭކް…….ވަޓް ހެޕެން” މިޝަލް ބަލާލުމުން ސާޝާ އޭނަގެ ބޮލުގައި ހިފަހައްޓާލައިގެން ހުރެ ބުނެލި އެވެ. މިޝަލް ތެދުވެ އެނދުގައި އިށީނެވެ. އޭނަ އޮތީ ނިދާފައެއް ނޫނެވެ. ސާޝާ ވަންނަން އުޅޭކަން އެނގުމުން ރަޖާނަގާ ބޮލުގައި އަޅައިގެން އޮށޯތީ އެވެ. އޭރުވެސް ކޮޓަރިތެރޭ މީކާޢިލް ހުއްޓެވެ. މިޝަލް ސާޝާއަށް ގަބޫލުކުރެވޭފަދަ ގޮތަކަށް ކޮޓަރިއަށް ވީގޮތްކިޔާދިނެވެ. އަދި މަންމަ ގާތު އެހާވަރު ވެފަ އޮތްވާހަކަ ނުބުނައްޗޭ ބުންޏެވެ. ދުރުގައި ހުރި މީކާޢިލްއަށް މިޝަލްގެ މޮޅުވާހަކަތައް އަޑުއިވުމުން ހީލަހީލަ ހުއްޓެވެ.

ސާޝާ މިޝަލްއަށް އޭނަ ބޭނުންވާ އެއްޗެހި އަލަމާރިން ނަގާދިނުމުން އޭނަ ދިޔައީ ހަފްސާގެ ކޮޓަރިއަށެވެ. ފެންވަރާލާ ތާޒާވެލުމަށެވެ. މީކާޢިލް އޭނަގެ ފަސްފަހަތުން އުޅެއެވެ. ހީވާގޮތުން އޭނަ މިޝަލްއަށް ވައުދުވިފަދައިން މިޝަލްއާއި އެންމެ ހިނދުކޮޅަކަށްވެސް ދުރަށް ނުދާނޭހެންނެވެ.

“މިއަދު ނުދާ ދުވަހަކީތަ؟” މިޝަލް ހަފްސާގެ ކޮޓަރިތެރޭ ހުރެ ތައްޔާރުވެލަމުން މީކާޢިލްއަށް ބުނެލިއެވެ.

“އަހަރެން ފޮނުވާލަން މަސައްކަތް ކުރަނީތަ” މީކާޢިލް  މިޝަލްގެ އިސްތަށިގަނޑުން ވަސްގަނެލަމުން ބުނެލިއެވެ.

“މީކާޢިލް، ބަލްޤިސް ރަނގަޅުވާނީ ދެން ކޮންދުވަހަކުންތަ؟” މިޝަލް މީކާޢިލް އާއި ދިމާލަށް އެނބުރިލަމުން އަހާލި އެވެ. “އަހަންނަކަށްވެސް ނޭނގެ، ޒިޔަޒެލް ވެސް ވަކި މުއްދަތެއް ނުބުނޭ، މަންމަ ހުންނަނީ ވަރަށް ދެރަވެފަ، އެހުރިހާ ކަމަކާ އަހަރެން އަދި މާދެރަވޭ” މީކާޢިލް މިޝަލްގެ ދެއަތުގައި ހިފާލަމުން ބުނެލިއެވެ.

“އަހަރެންވެސް ވަރަށް ދެރަވޭ، ވަރަށް ހަނދާންވާނެ އޭނަ މަތިން” މިޝަލް މީކާޢިލްއަށް ބަލާލަމުން ބުނެލިއެވެ.

“މީކާޢިލް، އަހަރެންގެ މަންމަ ގާތު މިވާހަކަ ބުނާނީ ކިހިނެއް، ކާކު ގަބޫލު ކުރާނީ” މިޝަލް މީކާޢިލްގެ އަތްއޭނާގެ ބަނޑުގައި ޖައްސާލަމުން ބުނެލި އެވެ.  މީކާޢިލް ވަކި ޖަވާބެއް އެކަމަށް ނުދިނެވެ. އޭނަ މިޝަލް ގެނެސް އޭނަގެ އަތުގެ ތެރެއަށް ލާބާރުކޮށްލި އެވެ. މީކާޢިލްއަށް އެވަގުތު އެސުވާލަށް ދޭނެ ޖަވާބެއް ނެތީ އެވެ. އޭނަ އަށް މިޝަލް އޭނަގެ ދަރިއަކަށް ބަލިވެ އިނުމުން ވެދާނެގޮތެއް ހިތަށްގެންނަންވެސް ނޭގެނީ އެވެ.

މިޝަލްއަށް އިތުރުއެއްވެސް ކަމަކާ ވިސްނާލެވުނީ މީކާޢިލް ދިއުމުންނެވެ. އޭރު މެންދުރުވަނީ އެވެ. އޭނައަށް ކުރިންރޭގެ ހާދިސާގައި އޭނާގެ އަތުގައި އޮތް ފޯނު ލެވުނުތަނެއްވެސް ނޭގުނެވެ. ސާޝާ ކޮޓަރިތެރެ ސާފުކޮށްލި އެވެ. އަދި އަބޭގެ އެހީގައި ކޮޓަރީގައި އޮތް ކާޕެޓު ނެރުނެވެ. މިޝަލް ސާޝާ ހަމަޖެހިލުމުން އޭނަގެ ފޯނު ދެކުނިންތޯ އަހާލި އެވެ. އޭނަ ކޮޓަރީގައި ފޯނު އޮންނާނެ ވާހަކަ ބުންޏެވެ. ކޮންތާކުންތޯ ފޯނު ފެނުނީ އަހާލުމުން ފޯނުފެނުނީ ޑްރެސިންގ ޓޭބަލް އާއި އެނދާ ދޭތެރެއަށް ވެއްޓިފައި އޮއްވާކަމުގައި ސާޝާ ބުނެލި އެވެ.

“ހެލޯ…..” މިޝަލް އަލައިނާއަށް ގުޅާލިއެވެ.

“ޝެބީ…..ވަރަށް ގުޅިން، ފޯނު އޮތީނިއްވާލާފައި…..”އަލައިނާ ބުނެލިއެވެ.

“ރޭގަ ފޯނު ވެއްޓިފަ، ނިވުނީ…….ސޮރީ ޑިއާރ، މިހާރު ކިހިނެއްތަށް މަލަކާ މަންމަގެ ހާލު” މިޝަލް އަހާލިއެވެ.

“ރަގަޅުދެން…….އަހަރެން ޝެބީގާތު ވާހަކައެއް ބުނަންވެފަ އެބައޮތޭ، ކޮންއިރަކުން އަންނާނީ” އަލައިނާ ބުނެލިއެވެ.

“ލީން އަހަރެންވެސް އެބައޮތް ވާހަކައެއް ދައްކަންވެފަ، މިއުޅެނީ ވަރަށް ވަރަށް ބޮޑުކަމެއް ދިމާވެގެން، އަހަރެން ދާނަން އިރުކޮޅަކުން” މިޝަލް އެހެން ބުނެލަމުން ފޯނުބޭއްވިއެވެ. އޭނަ އަށް ފޯނު ހިފައިގެން ކޮޓަރީގައި ދެކޮޅަށް ހިނގާލެވުނެވެ. އަތުގެ ތެރޭއޮތް ފޯނަށް އަނެއްކާ ބަލާލިއެވެ.

“މަންމާ، ބިޒީތޯ” މިޝަލް ހަފްސާއަށް ގުޅާލާފައި އަހާލިއެވެ. “ނޫން، ކިހިނެއް ވީ” ހަފްސާއަށް މިޝަލްގެ އަޑުގައި ހާސްކަން އެކުލެވިފައިވާކަން އިހްސާސްކުރެވުނެވެ.

“ގެއަށް ދުރުވާނީ ކޮންއިރަކުން” މިޝަލް އަނެއްކާވެސް ކުރީ ސުވާލެކެވެ.

“މިއުޅެނީ ދެން ދާންވެގެން، ކައިފިންތަ ޝެބީ” ހަފްސާ ބުނެލިއެވެ.

“އޯކޭ އެހެންވީރު، އަޅުގަނޑު ކާނީ މަންމަ އާއެކު، ޕްލީސް މަންމަ އަވަހަށް ދުރުވައްޗޭ ގެއަށް” މިޝަލް ބުނިގޮތުން ހަފްސާއަށް މިޝަލް އެހެރީ ކޮންމެވެސް ކަމެއް ބޭނުންވެފައިކަން އެނގުނެވެ. އެހެންވެ އޭނަވެސް އޮފީހުން ނުކުތީ އަވަހަށް ގެއަށް އައުމަށެވެ.

ގޭތެރެއަށް ވަދެގެން އައި ހަފްސާއަށް ކާމޭޒުގައި ބޯއަޅާލައިގެން އޮތް މިޝަލް ފެނުނެވެ. އޭނަގެ ހިތުގައި ސުވާލުތަކެއް އުފެދިގެންދިޔައެވެ. ހަފްސާ ކާން އައުމުގެ ކުރިން ކޮޓަރިއަށް ވަދެ އޭނަގެ އަތުގައި އޮތް ދަބަހާ ފައިލު ކޮޓަރިއަށް ލުމަށްދިޔައެވެ. އަދި ދަމުން މިޝަލްގެ ބޮލުގައި ފިރުމާލިއެވެ.

“ޝެބީ….” ހަފްސާގެ އަޑަށް މިޝަލް އެދިމާ ބަލާލިއެވެ. “މިއަންނަނީ ކާން…..” ހަފްސާއަށް މިޝަލް ބަލާލިކަން އެނގުމުން ބުނެލިއެވެ.

މިޝަލްގެ ހިތަށް ވެރިވެފައިވާ ނުތަނަވަސްކަން އިތުރުވިހެން ހީވިއެވެ. އޭނަށް ބޭއިޚްތިޔާރުގައި ކަންފަތުފޫޅުގަނޑަށް ދަމާލެވުނެވެ. ނިތްކުރިއަށް ރޫއަރުވާލެވުނެވެ. ހަފްސާ ގާތު މިޝަލް ހުރިހާ ވާހަކައެއް ދައްކަން ބޭނުންވެއެވެ. އެއީ މަންމަކަމުގައި ވާތީއެވެ. އެކަމަކު ޖެހިލުންވެސް ވަނީ ހަމަ އެސަބަބަށްޓަކައެވެ.

މޭޒުމަތީގައި ފެންފުޅި ބެހެއްޓި ސާޝާއަށް މިޝަލްގެ މޫނު ފެނުމުން އޭނައަށް ކޮންމެސް އެއްޗެއް ވިސްނުނުހެން ހީވިއެވެ.

“ޝެބީ، ޑޯންޓް ވޮރީ…..” ސާޝާ ބުނެލިއެވެ. މިޝަލް އޭނައަށް ބޯޖަހާލީ އެއްބަސްވާފަދަ ގޮތަކަށެވެ. އެވަގުތު ހަފްސާވެސް ކާމޭޒުކައިރިއަށް އަތުވެއްޖެއެވެ. އޭނަ ހުރީ އޮފިސް ހެދުން ބަދަލުކޮށްލައިގެންނެވެ.

ހަފްސާ ތައްޓަށް އެއްޗެހި އަޅާވަރަކަށް މިޝަލްވެސް މަޑުމަޑުން އިނދެގެން އޭނަގެ ތައްޓަށް ކާއެއްޗެހި އަޅަމުންދިޔައެވެ. ހަފްސާ މިޝަލްގެ މޫނަށް ދެތިންފަހަރު ބަލާލިއެވެ.

“ޝެބީ، ދަރިފުޅު މަންމަގާތު ވާހަކައެއް ބުނަންއުޅޭހެން ހާދަ ހީވެޔޭ…….” ހަފްސާ މިޝަލް އަނގައިން ނުބުނެ މަޑުމަޑުން އިސްޖަހާލައިގެން އިނުމުން އަހާލިއެވެ.

“މަންމާ، ރޭގަ ވަރަށް ވިއްސާރަވިއެއްނު……” މިޝަލް ބުނެލިއެވެ.

“އާ…….ހާދަ ބޯކޮށޭދޯ ވާރޭ ވެހުނީ، މިހާރު ހީވޭތަ ރޭގަ ވާރޭ ވެހުނުހެންވެސް، އުޑުމަތިއެއްކޮށް ސާފުވެއްޖެ………ޝެބީ ބިރުގަތީދޯ ރޭގަ އެވަރަށް ގުގުރީމަ، މަންމައަށް ގޮވާލިނަމަ…….” ހަފްސާއަށް މިޝަލް ބުނަންއުޅޭ އެއްޗެއް ނޭގުނުކަމުގައި ވިޔަސް އޭނައަށްވެސް ރޭގައި ކުރިވިއްސާރައާއިމެދު ފިކުރު ހިންގާލެވުނެވެ. އެމީހުން ހުޅުމާލެއަށް ބަދަލު ވީއްސުރެން އެހާގަދަ ވިއްސާރައެއް ނުކުރެއެވެ.

“މަންމާ…….” މިޝަލް އަނެއްކާވެސް ހަފްސާގެ ސަމާލުކަން ހޯދުމަށް ގޮވާލިއެވެ. ހަފްސާ އަނގަޔަށް ލީ ބަތްސުވާއާއެކު ހޫ ލައްވާލިއެވެ. އޭރުވެސް މިޝަލް އުލަކުން ބަތްތަށި ހާވަހާވާ އިނެވެ. ކާހިތްވެސް ނެތިފަ އިންނަހެންނެވެ. ހަފްސާގެ ފަރާތުން ކުރިމަތިވާނެ ސުވާލުތަކަށް ޖަވާބު ދޭނެގޮތެއް ނޭގިފައެވެ.

“މަންމާ، އަޅުގަނޑު ކޮޓަރި ކުޑަދޮރުގެ ބިއްލޫރިގަނޑު ރޭގަތަޅައިގެން ގޮއްސި” މިޝަލް ހިތްވަރުކޮށްލާފަ ބުނެލިއެވެ. ހަފްސާއަށް މިޝަލްބުނި އެއްޗެއް ސާފުނިވިހެން ބަލާލިއެވެ. އެވަގުތު ސާޝާ މިޝަލްއާއި އެއްބައި ވުމުގެ ގޮތުން އޭނަގެ ދިފާއުގައި ބުނެލިއެވެ. ހަފްސާ ހައިރާންވިއެވެ. އެކަމަކު މިޝަލް އޭނައަށް ދޮގެއް ހަދާނެއެކޭ ހަފްސާގެ ހިތެއް ނުބުނެއެވެ.

“ކިހިނެއްބާ އެވީ، މަގުގެ އަނެއް ފަރާތުގަދޯ ގަސްތައް ވެސް ހުންނަނީ” މިޝަލްއަށް ބަލާލަމުން ހަފްސާ ބުނެލިއެވެ.

“އިރުއޮއްސުމުގެ ކުރިން ބަލަންވީދޯ ދޮރެއް ލިބޭތޯ، ހަމައެއްކޮށް ފުނޑުފުނޑު ވީތަ؟….” ހަފްސާއަށް އަނެއްކާވެސް އަހާލެވުނެވެ. މިޝަލްއަށް އޭނަގެ ތުންފަތުގައި މަޑުމަޑުން ދަތްއަޅާލަ އަޅާލަ އިނދެވުނެވެ. ހަފްސާ އޭނަ ދައްކާ ވާހަކަ ގަބޫލުނުކުރާހެން ހީވާތީ ހަދާނެގޮތް ހުސްވެފައެވެ.

“ޝެބީ، ބަތްތަށި ނުހާވާ އަވަހަށް ކާލަބަލަ، ކާލައިގެން ހިނގާބަލަ ކޮޓަރި ބަލަން…….” ހަފްސާ މިޝަލް ނުކައި އިންނަން ފެށުމުން ބުނެލިއެވެ.

މިޝަލް ކައި ނިމުނު އިރު ހަފްސާ ކައިނިންމާފަ ދުފަނީއެވެ. އޭނައަށް ކައިގެން ފޯފެއްޗެއްވިޔަސް އަނގަޔަށް ނުލާ ހިތްހަމައެއްނުޖެހޭނެއެވެ. މިޝަލް ތެދުވުމުން އޭނައާއެކު ހަފްސާ އެކޮޓަރި ބަލަން ހިނގައިގަތެވެ. ސާޝާވެސް ތަށިތަށް ނެގުމުގެ ބަދަލުގައި އެމީހުންގެ ފަހަތުން ހިނގައިގަތަވެ. ސާޝާ ހުރީ މިޝަލްގެ ކޮޓަރީގެ ދޮރު އެއްކޮށް ނުލައްޕާ ކައިރިކޮއްލާފައެވެ. ބޭރުތެރޭ ޖެހެމުން ދިޔަވައިރޯޅިތައް ދަމާލާފައި ހުރި ދޮރުފޮތިގަނޑާއި ކުޅެމުންދިޔައެވެ. އިރުއިރުކޮޅާ ވަޔާއެކު ދޮރުފޮތިގަނޑު ހިއްލިލައެވެ. ހަފްސާ ދޮރުފޮތިގަނޑު އެއްފަރާތަކަށް ކަހާލިއެވެ. އޭނަ އަޖައިބުވިއެވެ. އެއޮއްބޮޑު ކުޑަދޮރުގެ ބިއްލޫރިގަނޑު ތަޅައިގެން ދިޔައީމައެވެ. އޭނަގެ ސިކުނޑިއަކަށް ނުވިސްނުނެވެ. އެކަމަކު މިޝަލްގެ ވާހަކައާއި ދެކޮޅުހަދާކަށްވެސް ބޭނުމެއްނުވިއެވެ.

“ހާދަ ވަރެކޭދޯމިވީ………މަންމަ ބަލާނަން މިރެއަށް ދޮރެއް ލެވޭތޯ، އޮފީހަށް ގޮއްސަ އެކަމަކު މީސް މީހުންނާއި ގުޅާލެވޭނީވެސް…..” ހަފްސާ އުނަގަނޑުގައި އަތްއަޅުވާލަމުން ބުނެލިއެވެ.

ހަފްސާ އޮފީހަށް ދިއުމުން މިޝަލް އޮތީ ސިޓިންރޫމު ސޯފާގައެވެ. އޮށޯވެލައިގެން އޮތްއިރު އޭނައާއެކު ޓީވީއިން ދައްކަމުންދިޔަ ޝޯ ބަލަން ސާޝާވެސް ކައިރީގައި އިން ގޮނޑީގައިއިނެވެ. މިޝަލްގެ ސަމާލުކަންވަނީ އެހެން ކަމަކަށް ދެވިފައެވެ. ހަފްސާ އޭނަ ދެއްކިވާހަކަ ގަބޫލުނުކުރާހެން އޭނައަށްވެސް ހީވެއެވެ. މިޝަލްއަށް އޭނަގެ އަތް ބަނޑުގައި ޖައްސާލެވުނެވެ. މިއަދު ހަފްސާ ގާތު އެވާހަކަ ނުބުންޏަސް އަބަދަކު އެކަން ސިއްރެއް ނުކުރެވޭނެކަން މިޝަލްއަށް އެނގުނެވެ.

“މީކާޢިލް” ދެލޯ މަރާލައިގެން އޮވެ ބަނޑުގައި ފިރުމަމުންދިޔަ މިޝަލްއަށް ބުނެލެވުނެވެ. މިޝަލް ހަމަޖެހޭގޮތް ދައްކައިގެން އުޅުނަސް އޭނަވަނީ ބިރުގެންފައެވެ. މީކާޢިލްއަކީ އިންސާނެއް ނޫންކަން އެނގޭއިރުވެސް އޭނައަށް މީކާޢިލްދެކެ ލޯބިވެވޭތީއެވެ. އޭނައަށް އިތުބާރުކުރެވޭތީއެވެ. އޭނަގެ ބަނޑުގައިވާ މަޙުލޫގުގެ ސަބަބުން އޭނައަށްވާނީ ކިހިނެއްބާއޭ ހިތަށް އަރާލެއް މަދެއްނޫނެވެ. މީކާޢިލްހާ ރީތިވާނެބާއޭ މިޝަލްގެ ހިތަށްއަރައެވެ. މިފަދަ ކަމެއް ވެދާނެކަމަކަށް މިޝަލް ދުވަހަކުވެސް ހިތަކަށްނާރައެވެ.

ކުއްލިއަކަށް ރިންގުވާންފެށި ފޯނާއެކު މިޝަލް ދިޔައީ ސިއްސައިގެންނެވެ. ފުންހިޔާލުތަކެއްގެ ތެރެއަށް ގެނބިފައިވާ މިޝަލްގެ މެޔަށް ސިއްސައިގެން ދިއުމުން ކުޑަކޮށް ތަދުވެސް ވިޔެވެ. އަވަހަށް ފޯނު ބަލާލިއެވެ. މިޝަލްއަށް ގުޅަނީ އަލައިނާއެވެ.

“ހެލޯ……” މިޝަލް ބުނެލިއެވެ. އަލައިނާ ގުޅީ މިޝަލްގެ ގާތަށް އޭނަ ހަވީރު ފަހެއްޖަހާކަން ހާއިރު އަންނާނެ ވާހަކަ ބުނަންށެވެ. އަލައިނާގެ ހިޔާލު ބަދަލުވީ ކީއްވެބާއޭ މިޝަލްގެ ހިތަށްއެރިއެވެ. ނަމަވެސް ފޯނުން އެސުވާލެއް މިޝަލް ނުކުރެއެވެ. ދިމާވުމުން އަހާލަންވެގެންނެވެ. މިޝަލް އޭނަގެ ކޮޓަރި މަތިން ހަނދާންވީ ދެނެވެ. އެހެންވެ އަލައިނާ ގާތު ހިނގާލަން ދިއުމަށް ހިޔާލު ފާޅުކުރިއެވެ. އަލައިނާވެސް ދެކޮޅެއްނަހަދައެވެ.

ހަފްސާ ދެތިންމީހުންނާއި ގުޅާލުމުންވެސް އެރެއަށް ދޮރުހަރުކޮށްދޭނެ މީހަކުނުވިއެވެ. އަނެއްކާވެސް އޭނަގެ ކުރިމަތީގައި ހުރި މީހުންގެ ބިޒްނަސް ކާރޑު އަމުނާފައިވާ އެތިން ނަންބަރު ހޯދަންފެށިއެވެ.

“ހެލޯ، ޖާވިދު……” ހަފްސާ އެތަނުން ނަންބަރަކަށް ގުޅާލިއެވެ. އެއީ އޭނަގެ އެންމެފަހު އުއްމީދެވެ.

“ހެލޯ، ހަފީ…….ކިހިނެއްތައް ހާލު” ޖާވިދުގެ ފޯނަށް ހަފްސާގެ ނަން އެރުމުން ފޯނުނަގާ ބުނެލިއެވެ.

“ވަރަށް ރަގަޅު، ޖާވިދު ކިހިނެއްތައް” ހަފްސާވެސް އަހާލިއެވެ. ހަފްސާ އާއި ޖާވިދަކީ ބިޒްނަސް ޕާރޓުނަރުންނަށްވުރެ ގާތް ދެރަޚުމަތްތެރިންނެވެ. އެހެނީ ހަފްސާ ހުވަފަތްވެ މިޝަލްގެ ހުރިހާ ޒިންމާއެއް އަމިއްލައަށް އުފުލަން ޖެހުނު ދުވަހު އޭނަގެ ހަޔާތުގެ ބައިވެރިއަކަށް ވުމަށް އެދި އަތްދިއްކޮލި ފިރިހެނަކީ ޖާވިދުއެވެ. އެކަމަކު ހަފްސާ އިތުރު ކައިވެންޏެއް ކުރަން ބޭނުންނުވީ މިޝަލްއަށް ދެރަގޮތެއްވެދާނެތީއެވެ. އެދުވަހުން ފެށިގެންވެސް ޖާވިދު ހަފްސާއަށް އޭނައަށް ވެވެން އޮތް މިންވަރަކުން އެހީތެރިވެއެވެ. އަދިވެސް ޖާވިދަކީ އެކަނިހުރި މީހެކެވެ. އަންބެއް ދަރިއެއް ނުހުރެއެވެ.

“ކޮބާ ދަރިފުޅު ކިހިނެއްތައް؟، ކަމަކުތަ ތިގުޅާލީ…” ޖާވިދު އާދައިގެ މަތިން އަހާލިއެވެ. އެހެން ނާހަންވީ ސަބަބެއް ހަފްސާއަށްވެސް ނެތްކަންއެނގެއެވެ. އޭނައަށް ޖާވިދުއަށް ގުޅާލެވެނީ މުޅިންވެސް ބޮޑުކަމެއް ޖެހިގެންވިއްޔާއެވެ. އެހެންނޫނީ އޭނަގެ ހާލުވެސް ބަލާނުލެވެއެވެ. އެކަމުގެ ޝާކުވާއެއް ޖާވިދުވެސް ހަފްސާއާއި ދުވަހަކުވެސް ކޮށްފައެއް ނުވެއެވެ. ހަފްސާ މިޝަލްގެ ކޮޓަރި ކުޑަދޮރުގެ ވާހަކަބުނެލިއެވެ. އަދި މިރެއަށް ހަދާދޭނެ މީހެއް ނުވެގެން އުޅޭވާހަކަވެސް ބުނެލިއެވެ.

“އައްދޭ، ތީއެއްވެސް ކަމެއްނޫނެއްނު، އަހަރެން ތިކަން ހަމަޖައްސާލަ ދީފާނަން، ދެން ބުނެބަލަ، މަށާއެކު ޑިނާއަކަށް ދާން ކެރޭނެތަ……..” ޖާވިދު ސަމާސާ ރާގަކަށް އަހާލިއެވެ. ހަފްސާގެ ގާތަށް އައީ ނުލަފާ ހިންޏެވެ.

“ސާބަސް ޖާވިދުއަށް، ދެކޮލުގަ ފުއްޖަހާފަ އަހަރުމެން މިހާރު ތަންތަނަށް ދިޔައީމަ ވާނީ ކިހިނެއް، ޝެބީ ބޮއީފުރެންޑެއް ގޮވައިގެން އިންދަކަންނޭގެ މަށަށް އެތަނަށް ދެވޭނީ، އޭރުން ވާނީ ކިހިނެއް……..” ހަފްސާ ހެމުން ބުނެލިއެވެ.

“އޯކޭ، އޯކޭ……….ތިހެންވީރު ތިގެއަށް ގެންދަންވީނު………..މިހާރު މިހެން އާދޭސް ކުރާތާވެސް ކޮންދުވަހެއް، ހަފީ އަހަންނާއެކު ތަނަކަށްދާން އެއްބަސްވަނީކީ ނޫން، އަނެއްކޮޅުން އަހަރެން ތިގެއަށް ގެންދަންވެސް އެއްބަސްވަނީކީ ނޫން، އަޅެދެން ހަމަ މަށާ މީޓު ނުކުރަންތައް ތިހުންނަނީ……….” ޖާވީދު މާޔުސް ރާގަކަށް އަހާލިއެވެ. މިފަހަރުވެސް ޖާވިދަށް އަޑުއިވުނީ ހަފްސާގެ ހުނުމުގެ އަޑެވެ.

“ނޫން، އަހަރެން ޖާވިދުއާ މީޓުކޮށްފާނަން، އެކަމަކު އެހަށް އަހަންނަށް މިކަންތައް ކޮށްދީ، އޭރުން ބުނާނަން………” ހަފްސާ އޭނަގެ ހިތުގެ އެދުން އިސްކުރިއެވެ. އޭނައަށް މިވަގުތު އެންމެ މުހިއްމީ މިޝަލް ރޭގަނޑު ނިދަންވާއިރަށް އެކޮޓަރީގެ ކުޑަދޮރު ހެދުމެވެ. ޖާވިދަށް ދޮރުގެ ސައިޒާ އެއްޗެހި ހަފްސާ ކިޔާދިނެވެ. ޖާވިދު އެކަމަށް އަވަސްވެ ގަތެވެ.

“ހެލޯ ހަފީ، އިރުއޮއްސޭކަން ހާއިރު ދާނެ ފިރިހެން ސޮރެއް އޭގެ ދޮރެއް ހިފައިގެން، އޭނަ އަންނާނީ ހަރުވެސް ކޮށްދީފަ، މައްސަލައެއް ނެތެއްނު، ދެން ކޮބާ މަގޭ ޖަވާބު…….” ޖާވިދު ބައިގަޑިއެއް ހާއިރުތެރޭ ކަންތައްތައް ހަމަޖައްސާލަމުން ބުނެލިއެވެ. ޖާވިދަކީ ކޮންސްޓްރަކްޝަން މަސައްކަތް ކުރާމީހެއްކަމަށްވާތީ އޭނައަށް އެކަން މާބޮޑުކަމަށް ނުވިއެވެ. އެހެންނޫނަސް ހަފްސާ ބުނެފިއްޔާ އޭނައަށް ނުވާނެ ކަމެއް ނޯވެއެވެ.

“ޖަވާބު ދޯ، އަހަރެން ފަހުން ގުޅާނަން ޖަވާބު ދޭން…….” ހަފްސާ ޖާވިދު ބޭނުންވި ޖަވާބު ނުދީ ފޯނުބާއްވަން އުޅުމުން ޖާވިދު ޝަކުވާކޮށްލިއެވެ. “ޖާވިދު، މިވަގުތު ސްޓާފެއްއެބަހުރި، އައިލް ކޯލް ޔޫ ލޭޓަރ” ހަފްސާ އޭނަގެ ކުރިމަތީ ހުރި ކުއްޖާއަށް އިށިންނަން އަތްދިއްކޮށްލަމުން ބުނެލިއެވެ. ޖާވިދަށް އަންޑަސްޓޭންޑު ވީކަންނޭގެއެވެ. މައްސަލައެއް ނެތޭ ބުނެ ފޯނުބޭއްވިއެވެ.

އަލައިނާ އާއި މިޝަލް ސިޓިން ރޫމުން ނުކުންނަން ދަނިކޮށް ދޮރުމަތީ ހުރި މީހަކު ފެނުނެވެ. ރަތްކުލައިގެ ތޮތްޕެއް އަޅާފަ، ކަޅު ޓީޝާޓެއް ލައިފައި ހުރި އެޒުވާން ފިރިހެނާގެ މޫނު ރަނގަޅަށް މިޝަލްއަކަށް ނުފެނުނެވެ.

“ކީއްކުރާ މީހެއް؟” މިޝަލް އަހާލިއެވެ. އެވަގުތު އެޒުވާނާގެ ތުންފަތަށް ވެރިވި ލުއި ހިނިތުންވުން މިޝަލްއަށް ފެނުނެވެ.

“ދޮރުހަރުކުރަން” މިޝަލް އޭނާގެ އަތުގައި އޮތް ބިއްލޫރި ދޮރަށް ބަލާލިއެވެ. އޭނަ އެއްއަތުން އެދޮރުފަތް ހިއްލާލުމުން މިޝަލް އާއި އަލައިނާ ހައިރާންވިއެވެ. މިޝަލްއަށް އޭނާގެ މޫނު ނުފެނުނު ކަމުގައިވިޔަސް އެޒުވާނާގެ ގައިގާ ދަންނަވައްތަރު ޖެހިއެވެ.

“ކީއްކުރަނީ……….” ސާޝާ އެޒުވާނާއަށް ބަލާލަމުން ބުނެލިއެވެ.

“ސާޝާ، ޝޯ ހިމް މައި ރޫމް……” މިޝަލް އެހެން ބުނުމުން އެއީ ދޮރުހަރުކުރަން އައިސް ހުރި މީހެއްކަން ސާޝާއަށް އެނގުނެވެ. މިޝަލް އެޒުވާނާއަށް ސާޝާ އާއިއެކު ދިއުމަށް ބުނެލިއެވެ. އޭނަ ބޯޖަހާލަމުން އެތެރެއަށް ހިނގައިގަތެވެ. މިޝަލްގެ ކައިރިން ލާފައި އޭނަ އެތެރަށް ވަދެގެން ދިޔަވަގުތު މިޝަލްގެ ނޭފަތުގައި މަސްތު ކުރުވަނިވި ފިރިހެންވަންތަކަމުން ފުރިގެންވާފަދަ މީރުވަހެއް ޖެހުނެވެ. އޭނާގެ ހަށިގަނޑު ފުރުނުހެން ހީވިއެވެ. ދެލޯމަރާލުމުން މިޝަލްއަށް އޭނާގެ ކުރިމަތިން މީކާޢިލް ސިފަވިހެން ހީވިއެވެ. ކުއްލިއަކަށް ބަނޑުގައި އަތްއަޅާލެވުނީ އޭނައަށް އެހެންކަހަލަގެ އިޚްސާސެއް ކުރެވުމުންނެވެ. މިޝަލްއަށް ފަސް އެނބުރި އެޒުވާނާއަށް ބަލާލެވުނެވެ. އެޒުވާނާ ހުރިގޮތަށް ސާޝާ އާއިއެކު ދަނީއެވެ. މިޝަލް ބަލާލުމުން އަލައިނާ ކިހިނެއްވީތޯ އަހާލިއެވެ. މިޝަލް ހިނިތުންވެލަމުން ބޭރަށް ހިނގައިގަތެވެ.

އަތިރިމައްޗާ ދިމާލަށް ނުކުތްއިރު މީހަކުފެންނާކަށް ނެތެވެ. މަޑު ހިނގުމުގައި އަލައިނާ އާއި މިޝަލް ހިނގަމުންދިޔައެވެ. ވަކިހިސާބަކަށް ދެވުނުއިރު މޫދަށް އެރެތިބި ބަޔަކު ފެނުނެވެ. އެހެންވެ އެހިސާބަށް ނުގޮސް ހުރިދިމާލުގައި މަޑުކޮށްލިއެވެ. “ލީން ކީކޭތަ ތިކިޔަނީ….” މިޝަލްއަށް އަލައިނާ ދައްކަމުންދިޔަ ވާހަކަތަކަށް ސަމާލުކަންދެވުނީ އެހިސާބުންނެވެ. އޭގެ ކުރިން އޭނަހުރީ އޭނަގެ އަމިއްލަ ހިޔާލުތަކަށް ގެއްލިފައެވެ.

“ޝެބީ، މިއަދު ކިހިނެއްވެފަތަ ތިހުންނަނީ، އަނެއްކާ ކަމެއްވީތަ؟…….ބިޓާ މައްސަލައެއް ޖެހުނީތަ؟” އަލައިނާ ކަންބޮޑުވެފައިވާ ރާގަކަށް އަހާލިއެވެ. ފައިވާނުގެ ކޮޅުން ދޮންވެލިގަނޑާ ކުޅެލަކުޅެލަ ހުރި މިޝަލް މަޑުމަޑުން ނޫނެކޭ ބުނެލިއެވެ. އެހެނަސް އޭނައަށް ކޮންމެވެސް ކަމެއް ވެފަކަން އެހެރީ އަލައިނާގެ ހިތްބުންޏެވެ. މިޝަލް އަލައިނާއަށް މީކާޢިލްގެ ހަގީގަތް ކިޔާދެން ބޭނުންވެއެވެ. އެހެނީ އެހިތުގައި އެތަކެއްކަމެއް ފޮރުވައިގެން ހުރުމަކީ އެހާފަސޭހަ ކަމަކަށްނުވާތީއެވެ. ނަމަވެސް އެކަންތައްތައް ފާޅުކުރަން ފަސްޖެހެވެނީ ގަސްދުގައެއްނޫނެވެ.

“އޭއި….” އަލައިނާ މިޝަލްގެ އަތުގައި ހިފާ ތަޅުވާލިއެވެ.

“ލީން ބުނެބަލަ، ކޮންވާހަކައެއް ދައްކަންތަ އަސްލު މިއައީ؟” މިޝަލް ހިނިތުންވެލަމުން އަހާލިއެވެ. “ހޫމް، އެވާހަކަދޯ، ޝެބީ، އަހަރެން މިއުޅެނީ ރެހާން ގެއަށް ގެންނަންވެގެން، މަންމަ އާއި މީޓުކޮށްދެންވެގެން” އަލައިނާ މިޝަލްގެ މޫނަށް ބަލަހައްޓައިގެން ހުރެ ބުނެލިއެވެ. މިޝަލްގެ މޫނަށް އަރާ ހުރިހާ ކުލަވަރެއް ބަލަން ބޭނުންވާ ކަހަލައެވެ.

“ލީން، ތިކަމުގަ އަހަރެން ބުނަންވީ ކީކޭ……މަލަކާ މަންމަ މިހާރު އޯކޭވާނެތަ؟” މިޝަލްއަށްވެސް ބަލާލެވުނީ އަލައިނާއަށެވެ.

“ނޭނގެ ދޯ، ކޮންމެގޮތެއްވިޔަސް ދެން ވަރިހަމަ، އަހަރެން ބޭނުން ނުވަނީ ދެން އިތުރަށް ފަސްކުރަން، އަސްލު ރެހާން ކިޔާވަރުން، އޭނަ ހީވަނީ މޮޔަވެދާނެހެން މަންމައާއި ބައްދަލު ނުކުރެވިގެން” އަލައިނާ ދެފަރާތަށް ބޯހަލުވާލަމުން ބުނެލިއެވެ.

“ދެން އެހެންވީރު ލަސްކުރާނެ ކަމެއް ނެތެއްނު، ލީން، އަހަންނަށް ހީވަނީ ރެހާން ބޭނުންވޭ ކަންނޭގެ ލީންއާއި މެރީ ކުރަން” މިޝަލް ވިސްނާލައިފައި ބުނެލިއެވެ. އަލައިނާގެ ދެލޯބޮޑުވެގެން ދިޔައެވެ. އޭނަގެ ހިނިތުންވެފައިވާ ތުންފަތުގެ ތެރެއިން ދަތްތައް ފެންނަންހުއްޓެވެ.

“ކީއްވެތަ އަހަންނަށް ކުރިން ތިހެން ނުވިސްނުނީ” އަލައިނާ އަމިއްލަ ނަފްސަށް ޝަކުވާކޮށްލިކަހަލައެވެ.

“ރެހާންގެ ވާހަކަދެއްކީމަ މިހަނދާންވީ، ކޮބާތަ، ޝެބީގެ މީކާޢިލް” އަލައިނާ އަހާލިއެވެ.

މިޝަލްއަށް މީކާޢިލްގެ ނަންއިވުމާއެކުހެން މުޅިހަށިގަނޑުން ހީބިހިނަގައިގެން ދިޔަކަހަލައެވެ. ކަނދުރާގައިވާ ހުރިހާ އިސްތައްޓެއް ކޮޅައްޖެހުނެވެ.

“އޭނަ….އޭނަދޯ…..އެބައުޅޭ….” މިޝަލްއަށް ބުނެވުނުގޮތުން އަލައިނާގެ ހިތުގަ އެތަކެއް ސުވާލުތަކެއް އުފެދުނެވެ.

“ޝެބީ، އަނެއްކާ ތިދެމީހުން އޯކޭތަ؟ ޝެބީ އަހަރެން ވާހަކައެއް އަހާލަންތައް؟” އަލައިނާގެ އެސުވާލުން މިޝަލްގެ ހިތް އިތުރަށް ނުތަނަވަސް ކުރުވިއެވެ. މަޑުންމަޑުން ބޯޖަހާލީ އަލައިނާ އަހަންއެއުޅެނީ ކީކޭބާއޭ ހިތައް އަރަމުންނެވެ.

“ޝެބީ، ކީއްވެތަ މަށަށް ނުކިޔާދޭން ތިއުޅެނީ، މިހާރަކަށް އައިސް ވަރަށް ފާހަގަ ކުރެވޭ ޝެބީ މަށަށް ހުރިހާވާހަކައެއް ނުކިޔާދޭކަން، ހާއްޞަކޮށް މީކާޢިލްއާއި ރައްޓެހިވިފަހުން…..އަހަރެން ޝެބީއަށް އަހަރެންގެ އެއްވެސް ވާހަކައެއް ސިއްރެއް ނުކުރަން، އަހަރެން މިހެން މިއެހީ ހިތްހަމަ ނުޖެހިގެނެއް ނޫން، ޝެބީ ހެޕީ ނޫންހެން ހީވާތީ، ވެގެން އުޅޭގޮތެއްވެސް ކިޔާދިނީމަ އެއްނު މަށަށްވެސް ކޮންމެވެސް ހިޔާލެއް ދެވޭނީ، ޝެބީދެކެ އަނެއްކާ މީކާޢިލް ލޯބިނުވަނީތަ….” އަލައިނާ އަހާލިއެވެ. މިޝަލް އޭނައަށް ޖަވާބުދިނެވެ. އެކަމަކުވެސް ހަގީގަތް ހާމައެއް ނުކުރެވުނެވެ.

ގެއަށް ވަދެގެން އައި ހަފްސާއަށް ސާޝާ ފެނުމުން އެންމެ ފުރަތަމަވެސް އަހާލީ މިޝަލްގެ ކުޑަދޮރު ހަރުކުރަން މީހަކު އައިތޯއެވެ. ސާޝާ އެމީހާ މިޝަލްގެ ކޮޓަރީގައި ހުރިވާހަކަބުނެލިއެވެ. ހަފްސާގެ މޫނުމަތިން ހިތަހަމްޖެހުން ފާޅުވިއެވެ. އަދި މިޝަލްގެ ކޮޓަރިއަށް މިސްރާބުޖެހިއެވެ.

މިޝަލްގެ ކޮޓަރިއާއި އަރާހަމަވިއިރު އެކޮޓަރީގެ ދޮރުހުރީ ހުޅުވާލާފައެވެ. ހަފްސާއަށް ލިބުނީ ހައިރާންކަމެކެވެ. ކޮޓަރިއަށް ވަތްއިރު އެތާނގައި އެކަކުވެސް ނެތެވެ. ކުޑޮދޮރުހުރީ ހަރުވެސް ކޮށްދީފައެވެ. ހަފްސާ ލައްޕާފައިވާ ކުޑަދޮރު އެއްފަރާތަކަށް ކަހާލިއެވެ. ފިނިފިނި ވައިރޯޅިތައް ކޮޓަރިތެރެއަށް ވަދެގެން ދިޔައެވެ. ހަފްސާ ދޮރުހަރުކޮށްފައިވާ ގޮތަށް ބަލާލިއެވެ. މަސައްކަތް ފުރިހަމަ ކަމުންނެވެ. ހަފްސާ އެކޮޓަރިން ނުކުތުމުގެ ކުރިން ކުޑަދޮރު ލައްޕާލުމަށްފަހު ދޮރުފޮތިގަނޑު ދަމާލިއެވެ. އަދި އޭނަގެ ކޮޓަރިއަށް ދިޔައެވެ.

އަޝްރަފު އަވަސް ފިޔަވަޅުގައި އައިސް ޖާވިދުގެ ކެބިންތެރެއަށް ވަނެވެ. ޖާވިދު އިނީ ލިޔުންތަކެއްގައި ސޮއެ ކުރުމަށެވެ. އަޝްރަފް ފެނުމާއެކު ވަދެ އިށީނުމަށް ބުންޏެވެ. ހަމައެވަގުތު ޖާވިދުގެ މޯބައިލް ފޯނު ރިންގުވާންފެށިއެވެ. އޭނަ ފޯނުނަގާ ބަލާލިއެވެ. އޭނަގެ މޫނުމަތިން އުފާވެރިކަންފެނިގެން ދިޔައެވެ.

“ހެލޯ، ހަފީ……މިއަދު ހާދަގިނަގިނައިން ގުޅާ ދުވަހެކޭދޯ، މަގޭމަތިން ހަމަ އެހާވަރަށް ހަނދާންވަނީތަ؟” ޖާވިދު ބުނެލިއެވެ.

“ދެން ޖާވިދު އުޅޭގޮތެއް، ތިގޮތް ނުހުއްޓާނަންދޯ……….އޭ، މިގުޅާލީ ދޮރުގެ ކަންތަކާ…..” ހަފްސާ ހެމުން ވާހަކަދެއްކިއެވެ. ޖާވިދުގެ ސަކަ މިޒާޖު އަދިވެސް ބަދަލެއް ނުވެއެވެ. ކޮންމެފަދަ އެއްޗެއް ބުނާކަށް އޭނަފަހެއް ނުޖެހޭނެއެވެ.

“ދޮރު އަނެއްކާ ކިހިނެއްވީ، ކަމުނުދަނީތަ…….” ޖާވިދު ހަފްސާގެ ވާހަކަތައް ނުނިމެނިސް އަހާލިއެވެ.

“ނޫން، ނޫން…..މަސައްކަތް ހަމަ ބަރާބަރު، ހަމަބުނިގަޑިއަށް އެކަންކޮށްނިންމާލައިފި، އޭ ޖާވިދު، މަމިގުޅީ ދޮރުގެ ޕޭމެންޓު ކަންތަކާ، މާދަން އޮފީހަށް ފޮނުވާލާ އިނގޭ” ހަފްސާގެ އަޑުގައިވެސް ހިތްހަމަޖެހުން އެކުލެވިފައިވާކަން ޖާވިދަށްވެސް އިހްސާސްވިއެވެ.

“އަހަރެން ދޮރުހަރުކުރަން ފޮނުވީ އެހާ އިތުބާރު ކުރެވޭ މީހެކޭ، އޭނަގެ މަސައްކަތް ބަރާބަރުވާނެކަން އެނގޭތީއޭ، ދެން ތިޕޭމެންޓުގެ ވާހަކަނުދައްކަބަލަ…..” ޖާވިދު ހަފްސާއާއި ވާހަކަދައްކަމުން ހެމުން ދިޔައެވެ.

މިމަންޒަރު ބަލަން އިން އަޝްރަފްގެ ނިތްކުރިން ހިއްލާ ދާތިކިތަށް އިތުރުވަމުންދިޔައެވެ. އޭ.ސީ ކުރެވިފައިވާ ތަނެއްގައި އިނަސް އޭނައަށް އެފިނީގެ އަސަރެއް ނުކުރާކަހަލައެވެ. ޖާވިދު ގާތުގައި އޭނަ އޭނދީ ވަރަށް ބޮޑުވާހަކައެއް ބުނަން އައިހެވެ. އެހެނީ ޖާވިދު އޭނައަށް ކުރާ އިތުބާރެއްގެ ބޮޑުކަމުންނެވެ.

“އަޝްރަފް” ޖާވިދު ފޯނު ބާއްވަމުން ގޮވާލިއެވެ.

“ތިކޮށްދިނީ ވަރަށްބޮޑު ކަމެއް، އެހެންވެ އަހަރެން އަޝްރަފު އެގެއަށް ފޮނުވީ ވެސް، އަހަންނަށް އެނގޭ އަޝްރަފާ ކަމެއް ހަވާލުކޮށްފިއްޔާ ގޯހެއް ނުވާނެކަން، ކަލޭ އެގެއަށް އެހާއަވަހަށް ދިޔައީތީ އަހަރެން ހައިރާންވި އެކަމަކު ވަރަށް ހިތްހަމަ ޖެހިފަމިހިރީ، ދެން ހިނގާ ކަޅެއް ޖަހާލަންދާން” ޖާވިދު ގޮނޑިން ތެދުވަމުން ބުނެލިއެވެ. އޭނަގެ ދަޢުވަތު ގަބޫލުކޮށް އެގެއަށް ހުކުރު ދުވަހު މެންދުރު ކާން އަންނަން ހަފްސާ ދަޢުވަތު ދިނީތީ އޭނަ ހުރީ ވަރަށް ހިތްހަމަޖެހިފައެވެ. އެކަމަކު އަޝްރަފަށް ލިބުނު ހައިރާންކަންވީ އިތުރެވެ.

“ޖާވިދު، ކުޑަދޮރު ހަރުކުރީތަ” އަޝްރަފަށް އަހާލެވުނެވެ.

“އެއްކަލަ އަޝްރަފު، އެއްޗެކޭ ކިޔަންވެގެން ދޯ ތިއުޅެނީ، އޭތް! ހަފީ ހުރީ ވަރަށް ހިތްހަމަޖެހިފަ ކަލޭގެ މަސައްކަތާ ދޭތެރޭ، ކަލޭ ދޮރުހަރުކޮށްފަ މާއަވަހަށް ދިޔައީއޯ، އެގޭމީހަކަށް އަންގާވެސް ނުލާ….ކަލޭވާ ރަނގަޅު، އޭތް! ހާބަރު ކަޑައަކަށް ދޯ ދާނީ” ޖާވިދު އޮފީހުން ނުކުމެ ސައިކަލު ޕާކިން ޒޯނަށް ބަލާލަމުން ބުނެލި އެވެ.

އަޝްރަފު، ޖާވިދުގެ ސައިކަލު ފަހަތަށް އެރިއިރު އޭނަގެ ސިކުނޑިވަނީ ހާސްވެފައެވެ. ހައިރާންވެ އަންތަރީސްވާވަރު ވެފައެވެ. އެހެންނުވާންވީ ސަބަބެއްނެތެވެ. އޭނަ ޖާވިދު ބުނިގެއަކަށް އެބުނާ ކުޑަދޮރެއް ހަރުކުރާކަށް ނުދެވުނެވެ. އަޝްރަފުގެ ވިހަން ތައްޔާރުވެފައިވާ އަންހެނުންގެ ބަނޑުގައި ރިހުމުގެ ސަބަބުންނެވެ. އޭނަ ޖާވިދު ކައިރިއަށް އައީ އެވާހަކަ ބުނާށެވެ. އެކަންތައް ޖާވިދުއަށް ނުކޮށްދެވުނު ވާހަކަ ބުންނަށެވެ. އެކަމަކު އޭނައަށް އަޑު މިއިވުނީ މުޅިން އެހެން ވާހަކައެކެވެ. އަޝްރަފް މަލޭގައި ހުރިއިރު ދެން ހުޅުމާލޭގައި ހުރިގެއެއްގެ ކުޑަދޮރުހަރުކުރަން އެދިޔައީ ކާކުބާއެވެ. ކޮންމެގޮތެއްވިޔަސް އެމީހަކު އަޝްރަފަށް އެކޮށްދިނީ ވަރަށްބޮޑު ހެޔޮކަމެކެވެ. މިއަދު އަނެއްކާވެސް އަޝްރަފުގެ ޑިގު ޖާވިދުގެ ކުރިމަތީ އަރައިފިއެވެ. އަޝްރަފު އެވާހަކަތައް ކިޔާދޭކަށް ބޭނުމެއްނުވިއެވެ. އޭނަ ޖާވިދުއަށް ކަންހިނގިގޮތް ސިއްރުކުރީއެވެ.

“ކަލޭ ކޮންކަމަކާ ފިކުރު ބޮޑުވެފަ ތިއިންނަނީ، އަނެއްކާ އެގޭގަ އުޅޭ މަންޖެ ފެނުނީތަ، ނަމަނަމަ އެމަންޖެއާއި ވައިނޭޅޭތި” ޖާވިދު ސާމާސާ ރާގަކަށް ބުނެލިއެވެ. އަޝްރަފު ހޭންފެށިއެވެ.

“ކޮންތާކަށް ގޮސްލާފަ ތިއައީ؟” ގެއަށް ވަދެގެން އައި މިޝަލް ފެނުމުން ހަފްސާ ސުވާލުކޮށްލިއެވެ.

“ލީން އާއިއެކު ހިނގާލަން ގޮއްސަ” މިޝަލް ސޯފާގައި އިށިންނަމުން ބުނެލިއެވެ.

“އާދޭ ސައިބޯން، މަލަކާ މިހާރު ކިހިނެއްތަ؟، މަންމައަށް މިއަދު ގުޅާވެސް ނުލެވުނޭ” ހަފްސާ ސައިބޯން އިނދެ ބުނެލިއެވެ.

“އަޅުގަނޑު ސަޔެއް ނުބޯނަން، މަލަކާ މަންމަގެ ހާލު ރަނގަޅު، ކުޑަދޮރު ހަރުކުރި މީހާ އެއީ މަންމަ ފޮނުވި މީހެއްތަ؟” މިޝަލް ސުވާލުގެ ނަޒަރަކުން ހަފްސާއަށް ބަލަންއިނދެ އަހާލިއެވެ.

“ހޫމް، އޭނަ ގޮއްސި މަންމަ އައިއިރު، ވަރަށް ރީތި ހަރުކޮށްދީފަ ހުރިލެއް” ހަފްސާ އެކުޑަދޮރު ހަރުކުރި މީހާގެ މަސައްކަތަށް ތަޢުރީފުކުރިއެވެ.

“އެއީ ކާކުތަ” މިޝަލްއަށް އަނެއްކާވެސް އަހާލެވުނެވެ.

“އެއީ މަންމަގެ ރައްޓެހި ޖާވިދު ކިޔާމީހެއްގެ ކައިރީ މަސައްކަތް ކުރާ މީހެއް…….ކިހިނެއްވީ އަނެއްކާ، ޝެބީ ހާދަ ފާޑަކަށް އެމީހާގެ ވާހަކަތިއެހީ؟” ހަފްސާ ބުނެލިއެވެ.

“އެހެނެއްނޫން، ހަމައަހާލީ” މިޝަލް ތެދުވަމުން ބުނެލިއެވެ. މިޝަލް ގޮސް އޭނަގެ ކޮޓަރިއަށް ވަނެވެ. އެމަންޒަރު ބަލަން އިން ހަފްސާއަށް މިޝަލްގެ ހިނގުމުގައި ކުރިން ނުހުންނަކަހަލަ އައިބެއް ހުރިހެން ހީވިއެވެ.

ސާޝާވެސް ހަފްސާ އާއެކު ސައިބޮން އިށީނެވެ. އޭނަވެސް ވަނީ ހައިރާންވެފައެވެ. މިޝަލްގެ ކުޑަދޮރު ހަރުކުރަން އައިމީހާ އެގެއިން ނުކުތްތަން ނުފެނުމުންނެވެ. އެހުރިހާއިރު ސިޓިންގ ރޫމުގައި ސާޝާ އިންއިރު އޭނައަށް ނޭގި އެމީހަކު ނުކުމެގެން ދިއަކަން އެނގުމުން އޭނަގެ މެޔަށް ފާޑެއްގެ ގޮތެއްވެސް ވިޔެވެ. އެމީހާގެ މޫނެއް ސާޝާއަކަށްވެސް ނުފެނެއެވެ. ކާކުކަމެއް ވަކިކުރަން ނޭގޭ އެޒުވާނާ އެގޮތަށް ކަންތައްއެކުރީ ކީއްވެބާއޭވެސް ސާޝާގެ ހިތަށް އަރައެވެ. އެކަމަކު އެވާހަކައެއް ސާޝާ އެކަކު ކައިރީވެސް ނުދައްކައެވެ. މާހަމަޖެހޭ ވާހަކައަކަށް ނުވެދާނެތީއެވެ.

މިޝަލް ކޮޓަރީގެ ދޮރުލައްޕާލިއެވެ. އޭނައަށް އިރުކޮޅެއް ވަންދެން އެހެންހުރެވުނެވެ. އެކޮޓަރިން އެތަކެއް ކަމެއް ސިފަވާހެން ހީވިއެވެ. މަޑުމަޑުން ދެލޯ މަރާލުމަށްފަހު ލޯހުޅުވާލިއެވެ. އަދި ދަމާލެވިފައިވާ ދޮރުފޮތިގަނޑު އެއްފަރާތަކަށް ކަހާލުމަށްފަހު ކުޑަދޮރު ހުޅުވާލިއެވެ. ޖެހެލި ތެތްފިނި ވައިރޯޅި މިޝަލްގެ މޫނުގައި ބީހިލިއެވެ. އެވައިރޯޅީގައި ލޮނުވަސް އެކުލެވިފައިވެއެވެ. މިޝަލް ހަށިފުރާ ނޭވާއެއް ލިއެވެ. އެވަގުތު މިޝަލްގެ ފުރަގަހުން އިސްތަށިގަނޑުގައި މީހަކު އަތްލިހެން ހީވިއެވެ. އަވަހަށް ފަހަތަށް ބަލާލެވުނެވެ. އެކަކުވެސް ފެންނާކަށް ނެތެވެ. އައްސާލެވިފައިވާ މިޝަލްގެ އިސްތަށިގަނޑު ނިއުޅާލަމުން އެނދުގައި އޮށޯވެލިއެވެ. މިޝަލްއަށް ބަލާނުލާ އިށީދެވުނީ ޓީވީގެ ރިމޯޓު މަތީއެވެ. އެއާއެކު ކުއްލިއަކަށް ޓީވީ ހުޅުވުނެވެ. ފައިދަށުން ރިމޯޓު ނަގާ އެއަށް ބަލާލިއެވެ. މިޝަލް ބަލްޤިސްގެ މަތިން ހަނދާންވިއެވެ. އޭނަގެވެސް އެފަދަ ކޮއްކޮއެއް ހުރިނަމައޭ ހިތަށް އެރިއެވެ. މިޝަލްއަށް ބަލްޤިސްއާއެކު ހޭދަކުރެވުނު ދުވަސްތަކުގެ މަންޒަރުތައް ފޮޓޯތަކެއްގެ ސިފާގައި އޭނަގެ ލޯކުރިމަތީ ފްލޭޝް ވަމުން ދާކަހަލައެވެ. ރިމޯޓުގެނެސް މޭގައި ޖައްސާލިވަގުތު މިޝަލްގެ ކޯތާފަތަށް ހޫނު ވިއެވެ. ހީވީ މީހެއްގެ ހޫނު ނޭވާ އެޅުނުހެންނެވެ. ބޭއިޚްތިޔާރުގައި މިޝަލްއަށް ކޮޓަރިތެރެ ހޯދާލެވުނެވެ. އަދި މޫނުގައި އަތްހާކާލެވުނެވެ.

ލުއި ހުނުމެއްގެ އަޑެއް ކޮޓަރިއަށް ފެތުރިގެން ދިޔައެވެ. މިޝަލްއަށް އެކޮޓަރީގައި އިތުރު މީހަކު އެބައުޅޭކަން ޔަގީންވިއެވެ. މަޑުމަޑުން ކާކުތޯ އަހާލެވުނެވެ. އަދި ތެދުވެ އެނދުގައި އިށީދެލިއެވެ. އޭރުވެސް ކޮޓަރީގެ އެކި ދިމަދިމާލުން ހުނުމުގެ އަޑުއިވެއެވެ. މިޝަލްއަށް އެއަޑުން އެއީ އަންހެނެއްކަން އެނގުނެވެ. މިޝަލްގެ އިސްތަށިކޮޅަކާ އެނުފެންނަ މީހާ ކުޅެލިއެވެ. މިޝަލް ދިޔައީ ސިއްސައިގެންނެވެ. އޭނައިނީ ކުޑަކޮށް ބިރުގަނެފައެވެ. ކޮޓަރިން ނުކުންނަންވެސް ހިތައް އަރައެވެ. އެކަމަކު ދެން އެކޮޓަރިން ނުކުމެވޭނީ އެކޮޓަރީގައި އެއުޅޭ ދެވަނަ މީހާ ބޭނުންވެއްޖެއާކަން މިޝަލްގެ ހިތްބުނަމުން ދިޔައެވެ. މިޝަލް އަނެއްކާވެސް ކާކުތޯ ސުވާލުކުރިއެވެ. ނަމަވެސް އެއްވެސް ޖަވާބެއް ނުލިބުނެވެ.

ކުއްލިއަކަށް މިޝަލްގެ އަތުގެ ތެރޭއޮތް ރިމޯޓް ނުފެންނަ އަތަކުން އަތުލިއެވެ. ޓީވީގެ ފަހަރަކު ޗެނެލެއް ބަދަލުވަމުން ދިޔައެވެ. މިޝަލްއަކަށް އެމީހަކު ޖަހަމުން ދިޔަ ސަކަރާތެއް ކަމަކު ނުދިއައެވެ. މިޝަލްގެ ހިތް ބާރަށް ތެޅެންފެށިއެވެ. މީކާޢިލް އައުމަށް އެދެވެން ފެށިއެވެ. އެފަދަކޮންމެ ވަގުތެއްގައި މިޝަލްގެ ހިތުގައި އުފެދޭ ބިރުވެރިކަން މީކާޢިލްގެ އަތުގެތެރޭގައި ވުމުން ފިލާދެއެވެ. މިޝަލް ދިޔައީ ސިއްސައިގެންނެވެ. އެހެން ފަހަރުތަކަށްވުރެ ބޮޑަށެވެ. އޭނަގެ ކަންފަތްދޮށުގައި އެއަންހެން އަޑުން މިޝަލްގެ ނަންކިޔާލުމުންނެވެ. އެނުފެންނަ މީހާއަށް މިޝަލްގެ ނަން އެނގުނީ ކިހިނެއްބާއޭ މިޝަލްގެ ހިތަށްއެރިއެވެ.

ޖެހިލި ބާރު ވައިރޯޅިއާއެކު މިޝަލް އަނެއްކާވެސް ސިހުނެވެ. ކުޑަދޮރުގައި ލެނގިލައިގެން ހަޝަމް ބަދެލައިގެން ހުންނަގޮތަށް އެއްއަތް އަނެއްއަތުގެ ތެރެއަށް ލައިގެން ހުރި ޒުވާނާފެނުމުންނެވެ. މިފަހަރު މިޝަލްގެ ހިތަށް ފިނިކަމެއް ލިބުނެވެ. މޫނުމައްޗަށް ހިނިތުންވުމެއް ވެރިވިއެވެ. އެޒުވާނާ އެސްފިޔަ ޖަހާލުމެއްނެތި މިޝަލްއަށް ބަލަމުން ދިޔައިރު އޭނާގެ ތުންފަތަށްވެސްވަނީ ހިނިތުންވުމެއް ވެރިވެފައެވެ. އޭނާ މިޝަލްގެ ގާތަށް އަންނާކަށް ނޫޅެ އެވެ. މިޝަލްއަށް ކޮޓަރިތެރޭން ކުރިން ވެސް އިވުނު ހުނުމުގެ އަޑުއިވުނެވެ. އެކަމަކު އެމީހަކު ހުރިތަނެއް މިޝަލްއަށް އެނގުނެވެ. ކުޑަދޮރުގައި ލެގިލައިގެންހުރި ރީތި ޒުވާނާ ބަލާލީ އެކޮޓަރީގައި ހުރި ނުފެންނަ މީހާ އާއިދިމާލަށެވެ. މިޝަލް ކުޑަދޮރާދިމާލަށް ބަލާލިއެވެ. އެތަނުގައި ހުރީ އޭނަގެ ހިތެވެ. އެހިތުގެ ހިތްހަމަޖެހުމެވެ. މިޝަލް ގެންފައިވާ ބިރު އެއްކޮށް ފިލާދިޔަކަހަލައެވެ.

މީކާޢިލް ދިއްކޮލިއަތުގެ ތެރެއަށް މިޝަލްގޮސް ވަނެވެ. އެތަނަވަސް މޭގައި މޫނުފޮރުވާލިއެވެ.

“ކާކުތަ އެއީ؟” މިޝަލްއަށް އަހާލެވުނެވެ.

“މިޝަލް ބިރުގަތީތަ…….” މީކާޢިލް މިޝަލްގެ ދަތްދޮޅިގައި ހިފާ މިޝަލްގެ މޫނު އުފުލާލިއެވެ. މިޝަލް އެރީތި ލޮލުގެ ރަވައިގެ ތެރެއަށް ވަދެ ފިލުމަށް ހިތަށްއެރިއެވެ. މީކާޢިލް މިރޭ އެހެން ރޭރެއަށްވުރެ އުފާވެފައި ހުރިހެންވެސް ހީވެއެވެ. އެހެނީ އެލޮލުގެ ބެބުޅުން މިރޭ އެތަށްގުނައަކަށް އިތުރެވެ. މީކާޢިލް މިޝަލްގެ ކޯތާފަތުގައި އަތުގެ ނުފުށުން ފިރުމާލިއެވެ. އަދި މިޝަލްގެ ކޮނޑުގައި ހިފާލަމުން މީކާޢިލްގެ ލޮލުން އިޝާރާތްކުރީ މިޝަލްގެ ފަހަތުގައި ހުރި މީހަކު ބަލާލަބަލާށޭ ބުނާފަދަ ގޮތަކަށެވެ.

މިޝަލްއަށް ފެނުނީ ހަމަރަގަޅަށް ބާއޭ އޭނަގެ ހިތަށްއެރިއެވެ. ދެލޯ ފޮހެލުމަށްފަހު އަނެއްކާވެސް މިޝަލްއަށް ބަލާލެވުނެވެ. އެއީހަމަ ބަލްޤިސްއެވެ. މިޝަލްގެ ކަންފަތުގައި އަނެއްކާވެސް އެލުއިލުއި ހުނުމުގެ އަޑުޖެހުނެވެ. މިޝަލްއަށް މަޑުމަޑުން ބަލްޤިސްގެ ގާތަށްދެވުނެވެ. ބަލްޤިސްގެ ދެއަތުގައި ފޮތިގަނޑެއް އޮޅާފައިއޮތެވެ. ދިގު ހެދުމެއްގައި ހުރިއިރު އޭނަގެ ދެފައިތިލަ ނުފެނެއެވެ. މިޝަލް މަޑުމަޑުން ބަލްޤިސްގެ ކޮލުގައި އިނގިއްޔެއް ޖައްސާލިއެވެ. އޭނައަށް ބަލްޤިސްކަން ޔަގީންނުވާކަހަލައެވެ. މިޝަލް މީކާޢިލްއަށް ބަލާލިއެވެ. މީކާޢިލް އެއީ ބަލްޤިސްކަން ޔަގީންކޮށްދިނުމުގެ ގޮތުން މިޝަލްއަށް ބޯޖަހާލިއެވެ. ބަލްޤިސް މިޝަލްގެ ކޮލުގައި އަތުގެ ނުފުށްޖައްސާ ކުޑަކޮށް ކޮއްޕާލިއެވެ. މިޝަލްއަށް ބަލްޤިސް އެހެން ހަދާލުމުން ކުޑަކޮށްހެވުނެވެ. އެކަމަކު އެދެލޯ ވަނީ ފެންކަޅިވެފައެވެ. މިޝަލްއަށް ބަލްޤިސްގެ ގައިގާ ބައްދާލެވުނެވެ. އެބިރުވެރި ރޭގެ މަންޒަރުތައް މިހާރު ވެސް މިޝަލްއަށް ފެންނަކަހަލައެވެ.

“ދައްތަ ރޮނީތަ؟…..އަހަރެން މިހުރީނު، އެއްވެސް ކަމެއް ވެފަ އެބަހުރިތަ؟” ބަލްޤިސް މިޝަލް ރޯކަން އެނގުމުން ބުނެލިއެވެ. މީކާޢިލްއަށް އެމަންޒަރު ބަލަންހުރެވުނީއެވެ. މިޝަލްގެ އޯގާތެރިކަން ފެނިފައެވެ. ބަލްޤިސް މަޑުމަޑުން މިޝަލް އޭނައާ ދުރުކޮށްލިއެވެ.

“ދައްތާ، ޒިޔަޒެލް ހުއްދަ ދިނުމާއެކު، އެންމެ ފުރަތަމަ ވެސް މިއައީ ދައްތަގެ މޫނުދެކިލަން، އަހަރެންނަށް އެނގުނޭ ދައްތަ އަހަންނާމެދު ކަންބޮޑުވިވަރު، އެކަމަކު މާގިނައިރަކު ހުރެވޭކަށްނެތް، މިއާދެވުނީ ވެސް ބައްޕަގެ އަރިސް ޖިންނީންގެ ތެރެއިން ޖިންނިއަކާއިއެކު” ބަލްޤިސް މިޝަލްއަށް ބުނެދިނެވެ.

“ދެންދަނީތަ” މިޝަލްއަށް އަވަހަށް އަހާލެވުނެވެ.

“އާން! ދައްތަ ދެކިލަން ހަމަމިއައީ…..” ބަލްޤިސް މިޝަލްއާއިއެކު ކުޑަދޮރާދިމާލަށް ދަމުން ބުނެލިއެވެ. “އަދި މަޑުކޮއްލަބަލަ، އެބައަންނަން” މިޝަލް ބަލްޤިސްއަށް އެހެން ބުނެލުމާއެކު އަވަސް ފިޔަވަޅުތަކުގައި ކޮޓަރިން ނުކުތެވެ.

ކޮޓަރިން ނުކުތް މިޝަލް ދިޔައީ އައިސްއަލަމާރި ކައިރިއަށެވެ. ދޮރުފަތުގެ ބައެއްގެ ތެރެއަށް ލާފައިވާ ޖެލީޕެކެޓު މިޝަލް ނެގިއެވެ. އަދި ދުވެފައި ކަހަލަގޮތަކަށް އައިސް މިޝަލް ކޮޓަރިއަށް ވަނެވެ.

“މިނުގެންދާނަންތަ؟” މިޝަލް ބަލްޤިސްއަށް އޭނަގެ އަތުގައި އޮތް ޖެލީ ޕެކެޓު ދިއްކޮލިއެވެ. ބަލްޤިސްގެ މޫނު އިތުރަށް އުޖާލާވިއެވެ.

“ދައްތަ ހާދަ ރަނގަޅޭ” ބަލްޤިސް ޖެލީ ޕެކެޓުގައި ހިފަމުން ބުނެލިއެވެ. އެވަގުތު މީކާޢިލްގެ ހުނުމުގެ އަޑު މުޅިކޮޓަރިތެރެއަށް ފެތުރިގެން ދިޔައެވެ.

“ދެން ދަނީ” ބަލްޤިސް އެހެން ބުނުމާއެކު ގެއްލިޖެއެވެ. މިޝަލް އެސްފިޔަ ޖަހާލާވަގުތުކޮޅެއްގެ ތެރޭ ބަލްޤިސް ގެއްލުނީއެވެ. މީކާޢިލް ކުޑަދޮރުން ބޭރުބަލާލިއެވެ. އޭނަ ބަލަމުން ދިޔައީ އުޑު މައްޗަށެވެ.

“އަހަރެން ވަރަށް އުފާވެއްޖެ، ކިހިނެއް، ކިހިނެއް އެހާއަވަހަށް ބަލްޤިސް ރަނގަޅުވީ” މިޝަލް މީކާޢިލް އޭނައާއި ދިމާލަށް އެނބުރިލުމުން ބުނެލިއެވެ.

“ނޭނގެ އެއްގޮތަކަށްވެސް، މިއަދު އަހަރެންނަށް އެހިސާބަށް ދެވުނުއިރު ކޮއްކޮ ހޭއަރައިގެން އުޅެނީ، އެންމެ ފުރަތަމަ ވެސް އެހީ މިޝަލްގެ ވާހަކަ” މީކާޢިލް އޭނަގެ އަތުގެ ތެރެއަށް މިޝަލްގެނެސް ލަމުން ބުނެލިއެވެ.

“ހަމަ އަހަރެންގެ ވާހަކަތަ އެހީ….” މިޝަލް އަނެއްކާވެސް އަހާލިއެވެ.

“ހޫމް! ހަމަ މިޝަލްގެ ވާހަކަ” މީކާޢިލް ޔަގީންކަމާއެކު ބުނެލިއެވެ. މިޝަލް މީކާޢިލްގެ މޭގައި ބޮސްދިނެވެ. މީކާޢިލްގެ މޭގައި މިޝަލްގެ ތުންފަތް އެއްވެސް ނިވަލަކާއި ނުލާ ގޮސް ޖެހުމާއިއެކު، ހަށިގަނޑުގެ ވިންދުއަވަސްވިއެވެ. ކުރިއަށްވުރެ ބާރަށް މިޝަލް އެއަތުގެ ތެރޭ ހިފަހައްޓާލެވުނެވެ.

“މީކާޢިލްގެ މައިންބަފައިން ކީކޭ ބުނީ” މިޝަލް އަހާލިއެވެ. “ބައްޕަ ހުންނެވީ އަދިވެސް ރުޅިދުރުވެފަ ހުރިހެން، އަހަންނާ އެއްގޮތަކަށް ވެސް ވާހަކައެއް ނުދައްކަވާ، މަންމަ ހުންނެވީ އަޖައިބުވެފަ، ބަލްޤިސް މިޝަލްގެ ވާހަކަ ދައްކާވަރުން، ހޭއެރިގޮތަށް އެންމެ ފުރަތަމަވެސް ޒިޔަޒެލް ގާތުގައި އެހިކަމަށްވޭ މިޝަލް ހުރީ ހެޔޮހާލުގައިތޯ” މީކާޢިލް މިޝަލްއަށް ކިޔާދިނެވެ.

“ދެން މީކާޢިލްގެ މައިންބަފައިން އެހާ ނުގަބޫލު އިރު ކީއްވެ އަހަރެންގެ ގާތަށް ތިއަންނަނީ” މިޝަލް އަހާލިއެވެ. މީކާޢިލް މިޝަލްއަށް ބަލާލިއެވެ.

“އަހަންނަށް މިޝަލްއާ ދުރުގަ ދެން ނޫޅެވޭނެތީ، ލޯބިވާ މީހާ ދޫކޮއްލުމަކީ އަހަރުމެންނަށް ކުރަން އެހާ ފަސޭހަ ކަމެއްނޫން، މިހާރު އަދި ވަކިން އުނދަގޫވާނެ، އިންސިއެއް އަހަރުމެންގެ ކުއްޖަކަށް ބަލިވެ އިނދެފިނަމަ އަހަރުމެންގެ މީހުންނަށްވެސް އަހަރެންނާ މިޝަލް ދުރުކުރުވަން އުނދަގޫވާނެ” މީކާޢިލް މިޝަލްގެ ސުވާލުތަކަށް މަޑުމައިތިރިކަމާއެކު ޖަވާބުދެމުން ދިޔައެވެ.

“އަހަރެން މީކާޢިލްގެ ދަރިއަކަށް ބަލިވެ ނެތްނަމަ މީކާޢިލްގެ މައިންބަފައިންގެ ބަސް އަހާނަންތަ؟” މިޝަލް އެސުވާލު ކުރީ އޭގެ ޖަވާބު އެނގި އެނގިހުރެއެވެ. އެކަމަކުވެސް މީކާޢިލްގެ ދުލުން ބުނެލާއަޑު އަހާލުމަށްޓަކައެވެ.

“މިޝަލްއަށް ހީވަނީތަ އަހަރެން މިޝަލް އާއި ދުރަށް ގޮސްދާނެއޭ، އެހެން ހީނުކުރައްޗޭ…..އަހަރެން މިދުނިޔެއަށް ނޭވާލާހާ ހިނދަކު އަހަރެން ހުންނާނީ މިގޮތަށް މިޝަލް އާއި އެންމެ ގާތުގައި، މިބުނީ އަހަރެން މިޝަލް ދޫކޮށްލާފަ ނުދާނަމޭ، އަދި މިޝަލް މޮޔައެއްވެސް ނުކުރާނަން” މީކާޢިލް ބުނި ޖުމްލައިން މިޝަލްގެ ހުނުމުގެ އަޑުއިވުނެވެ.

“މިހާރުވެސް އަހަރެން މޮޔަކަންނޭގެ، އެހެންވީމަތާ، ޖިންނިއެއް ދެކެ ލޯބިވެގެން، ނުފެންނަ ކިތަންމެ ތަންތަނެއް ފެންނަނީ، ޖިންނި މޮޔަވެފަ ތިބޭ މީހުންނަށް ފެންނަ ހުރިހާ ތަނެއް އަހަންނަށްވެސް އެބަފެނޭނު، އެމީހުންނަށް ފެންނަ އެއްޗެހި ވެސް އާދައިގެ އިންސާނުންނަކަށް ނުފެނޭވިއްޔަ” މިޝަލް މީކާޢިލްއަށް ބަލާލަމުން ބުނެލިއެވެ.

“މިޝަލް ތިހިރީ މޮޔަވެފައެއްނޫނޭ، ޖިންނި މޮޔަވެފަ ތިބޭ މީހުންނަށް މިހާރީތިކޮށް ތިބޭ ޖިންނިން އެކަންޏެއް ނޫނޭ ފެންނަނީ، އެމީހުންނަށް ތަފާތު އެކިކަހަލަ ޖިންނީން ފެންނާނެ، ޚާއްސަކޮށް އެމީހުންނަށް ގޯނާ ކުރާކަހަލަ ސިފަހުތުރު ޖިންނީން، މިބުނީ އެމީހުންގެ ގާތަށް އަންނަނީ އަދި ވަކިވައްތަރެއްގެ ޖިންނީންނޭ، އެބައިމީހުން އިންސާނުންނަށް ގޯނާކުރާނެ، އެއިންސީގެ ރުހުމެއް އެއްވެސް ކަމެއްގަ ނުހޯދާނެ، އަދި ބިރުގަންނުވަން މަސައްކަތް ކުރާނެ، އެމީހުންގެ ސިކުނޑިއާ ކުޅެލާނެ، ހަގީގަތް އޮޅުވާލާނެ، މިޝަލްއަށް ތިފެންނަނީ ވަރަށް ކުޑަމިންވަރެއް، އަހަރެން މިޝަލްއަށް އަނިޔާއެއް ނުކުރަމެންނު، ކިހާ ލޯބިން ހުރިހާ ކަމެއް މިކޮށްދެނީ، އެކަމަކު…އެކަމަކު އަހަންނަށް އަހަރެންގެ އަސްލެއް ބަދަލެއްނުކުރެވޭނެ، މިބުނީ އިންސާނުންގެ ތެރޭ އުޅެން އުނދަގޫވާނެޔޭ” މީކާޢިލް މިޝަލްގެ އިސްތަށިގަނޑާ ކުޅެމުން ބުނަމުންދިޔައެވެ.

“ދެން މިއުޅާމީ އަސްލު ކީއްކުރަން މީކާޢިލް އަހަރެންގެ އަތުގައި އެޅުވި އުޅައެއްތަ؟” މިޝަލް އޭނާގެ ކަނާތް އުފުލާލަމުން ބުނެލިއެވެ.

“ތީ މިޝަލްގެ ރައްކަލަކަށް، މިހާރު އަހަންނާ އަހަރެންގެ ޢާއިލާގެ މީހަކަށް ނޫނީ މިޝަލްއަކާއި ކައިރިއެއް ނުވެވޭނެ، ޖިންނީންނަށް އެނގޭނެ އެމީހުންގެ މީހަކު ކައިރިވެފައިވާ އިންސިއެއް ފެނިއްޖެނަމަ، ރޫފަސްއަށްވީ އެހެންކަންނޭނގެ، އޭނާގެ މަންމައަކީ އަހަރުމެންގެ ޖިންނިއެއް، އެކަމަކު އޭނާގެ ބައްޕައަކީ އަހަރުމެންގެ ތެރެއިން ޖިންނިއެއް ނޫން” މިކާޢިލް ބުނެލިއެވެ.

“އެހެންވެގެންތަ އޭނާގެ އެއްފަރާތް އެހާ ބިރުވެރިގޮތަކަށް އެހުންނަނީ، އަނެއްކާ ތީ މީކާޢިލްގެ އަސްލު ސިފަތަ؟” މިޝަލް ކުޑަކޮށް ޖެހިލުންވެހުރެ ބުނެލެވުނެވެ. މީކާޢިލްގެ ގާތަށް އައީ ހިންޏެވެ. އެހުނުމުގައި ވެސް ހީވަނީ މިއުޒެކެއް އެކުލެވިގެންވާހެންނެވެ. އެހާވެސް އަސަރުގަދައެވެ. މީހުންގެ ހިއްސުތަކާއި ކުޅެލާވަރުވެއެވެ. މީކާޢިލް މަޑު މަޑުން މިޝަލްއާއެކު އައިސް އެނދުގައި އޮށޯވެލިއެވެ. މިޝަލް މީކާޢިލްގެ އަތްމަތީ ބޯއަޅާލައިގެން އޮތްއިރު އޭނާ ބަލަމުން ދިޔައީ މީކާޢިލްގެ މޫނަށެވެ. އެމޫނުގައި އެވަނީ ކޮންކަހަލަ ޖާދޫއެއް ހެއްޔެވެ.

“މީ އަހަރެންގެ އަސްލުސިފަ، އެކަމަކު އެންމެ ފުރިހަމަވާނީ އަހަރެންގެ ވަރަޔާއެކު” އޭރުވެސް މީކަޢިލްއަށް ހެވެނީއެވެ.

“މީކާޢިލް ހީވަނީ އޭންޖެލް އެއްހެން، އަހަރެން ކިޔަން ގެންގުޅޭ ވާހަކަތަކުގައި އުޅޭކަހަލަ، އެހާރީތި، އެހާ ފުރިހަމަ، އަޑުއިވިފައި އޮތްގޮތުން ޖިންނީންނަކީ އެހާރީތި ސިފައެއް ލިބިފައި ތިބޭ ބަޔެއްނޫން، އަލަށް މިއެނގުނީ ވަރަށް ރީތި ޖިންނީން ވެސް އުޅޭކަން، އަނެއްކާ ތީ އޭންޖެލްއެއްތަ” މިޝަލް ހިނިތުންވެލަމުން ޅަގޮތަކަށް އަހާލިއެވެ.

“އޭންޖެލްއަކީ އިންސާނުންގެ ތެރޭގައި އުޅޭ ބައެއްނޫން، އެއީ ބަޔަކު މީހުން ހަދާފައިވާ ފުލޯކު ވާހަކަތަކެއް، ހީވާގޮތުން ވެދާނެ އަހަރުމެންގެ ނަސްލު އަސްލަކަށް ބަލައިގެން މީހަކު ލިޔެފައިވަނީ ކަމަށްވެސް، މިޝަލް ޤަބޫލުކުރަންދޯ، ޕަރީންނާއި އޭންޖަލްސް އުޅޭކަމަށް” މީކާޢިލްގެ މޫނުމަތީގައި ވަނީ ލާނެތް ހިނިތުންވުމެކެވެ.

“ނޭނގެ، ބައެއް ފަހަރު ޤަބޫލު ކުރެވޭ، އެނގޭ ކުރިންވެސް ޖިންނީންނަކީ އުޅޭ ބަޔެއްކަން، ނުފެންނަ މަޚްލޫގުން ވެސް އުޅޭނެކަން، އެކަމަކު ޖިންނީންނާ ބެހޭގޮތުން ރަނގަޅު ވާހަކައެއް އަޑެއްނާހަން” މިޝަލް، މީކާޢިލްގެ މޭގައި ދެއަތްއަޅުވާލަމުން  ބުނެލިއެވެ.

“ބައެއްފަހަރު އަހަރެން ވަރަށް ބިރުގަނޭ، ހިތަށްއަރަނީ އަހަންނަށް ލިބެންއުޅޭ ކުއްޖާ އޮންނާނީ ކިހިނެއްބާއޭ، އަހަންނަށް އެއްވެސް އުނދަގުލެއްވެސް ނުވޭ، މީކާޢިލްއަށް ހީވަނީ ކިހިނެއް، ހިތަށްއަރާ މީކާޢިލް ގޮތަށް ހުންނާނެނަމައޭ” މިޝަލް އޭނާގެ ހިތުގައިވާ އެއްޗެއް ހާމަކުރިއެވެ.

“ކީއްވެ އެހެންނުވާންވީ، މަގޭ ދަރިއެއް މަށާ ވައްތަރުވާނެއެއްނު، އެކަމާ ނުވިސްނާދެން، ހުރިހާ ކަމެއްވެސް ވާނީ ރަނގަޅަށް، އަހަރެން ޒިޔަޒެލްއަށް އިތުބާރުކުރަން، އޭނަ އަހަރުމެންނަށް ލިބެންއުޅޭ ދަރިފުޅުގެ ހުރިހާ ކަމަކަށް އެހީވާނެ، މިހާރުވެސް އޭނަ މިޝަލްއަށް ނޭނގިނަމަވެސް މިޝަލްގެ ހާލު ބަލައޭ، އޭނަ ބުނީ މިޝަލްގެ ކުރިމައްޗަށް އަރަން އޭނައަށް ނުކެރެނިއްޔޯ، މިޝަލް ބިރުން ހަޅޭއްލަވައި ގަނެފާނެތީ” މީކާޢިލް ބުނެލިއެވެ.

“ކުއްލިއަކަށް ފެނުނީމަ އެހެންނު ވާނީ، އެއީ އަހަރެން ގަސްތުގަ ކުރާކަމެއް ނޫނޭ، އޭނަ ހުންނަނީވެސް މީކާޢިލް ހުންނަ ގޮތަކަށް ނޫންވިއްޔަ، ޒިޔަޒެލް ކީއްވެތަ އެހެން އެހުންނަނީ” މިޝަލް އަހާލިއެވެ. މީކާޢިލް އެސުވާލަށް ޖަވާބު ދިނެވެ. ޒިޔަޒެލްގެ ވާހަކަތައް މިޝަލްއަށް ކިޔާދިނެވެ.

“ހާދަ ގޯހޭ އެއަންހެން ކުއްޖާ” މިޝަލްއަށް ބުނެލެވުނެވެ.

“ދެން ކޮންމެ އިންސިއެއް މިޝަލް ހެނެއް ނުވާނެއެއްނު، އެއިންސި ބިރުގަތީ ހަގީގަތް އެނގުނީމަ، އަހަރެންވެސް ހީކުރީ….” މީކާޢިލް ޖުމްލަ ފުރިހަމައެއް ނުކުރިއެވެ. މައްޗަށް ބަލަހައްޓައިގެން އިރުކޮޅަކު އޮތުމަށްފަހު ވާހަކަދައްކަން ފެށިއެވެ.

“މިޝަލް އަހަރެންނާ ދުރަށްދާން މަސައްކަތް ނުކުރައްޗޭ، އަހަރެން ވަރަށް ދެރަވާނެ، މިޝަލް، މުޅިއުމުރަށް ވެސް އަހަރެންގެ މީހެއްގެ ގޮތުގައި ހުނައްޗޭ، އަހަރެން މިޝަލްދެކެ ވަރަށް ވަރަށް ލޯބިވޭ، ތީ އަހަރެންގެ އަނބިމީހާ، އަހަރެން މިދުނިޔެމަތިން އެންމެ ލޯބިވި އިންސި، އިންސާނަކަށް މިޝަލްވީތީ އަހަރެން ޖެހިލުމެއްނުވޭ، އަހަރެންގެ ލޯބިވާ މިކުޑަކުޑަ އާއިލާއަށް ގެއްލުމެއްދޭން އުޅޭ ކޮންމެ މީހަކާ އަހަރެން ކުރިމަތި ލާނަން…” މީކާޢިލް ބުނެލިއެވެ. މިޝަލް މީކާޢިލްގެ މޫނުގައި ބޮސްދިނެވެ. އަދި މީކާޢިލް އެބުނި އެއްޗަކުން ވަރަށް ހައިރާން ވެސް ވިއެވެ.

މީކާޢިލް ކުއްލިއަކަށް މިޝަލް އޭނައާއި ދުރުކޮށްލިއެވެ. މިޝަލްއަށް އެއްޗެއް ނުބުނެވެނިސް ކޮޓަރީގައި ޓަކިޖެހިއެވެ. މިޝަލްއަށް ބަލާލެވުނީ މީކާޢިލްއަށެވެ.

“ސާޝާ……” މީކާޢިލް ބުނެލިއެވެ. މިޝަލް އަވަސް އަވަހަށް އިސްތަށިގަނޑު ރީތިކޮށްލަމުން ކޮޓަރީގެ ދޮރުހުޅުވައިލިއެވެ.

“ޝެބީ ސުލީޕިން ތަ، ނޮޓް އީޓިން…..” ސާޝާ ބުނެލިއެވެ. އެހެން ފަހަރު ފަހަރާ ހިލާފަށް އޭނަ މިޝަލްގެ ކޮޓަރިއަށް ބަލާލީ ތަފާތު ނަޒަރަކުންނެވެ.

“ކިހިނެއްވީ” މިޝަލް އަވަސް އަވަހަށް ދޮރު ކައިރިކޮށްލަމުން އަހާލިއެވެ.

“ހޫ ޓޯކިން” ސާޝާ އެހެން އަހާލުމުން މިޝަލްގެ ހިތްތެޅި ގަތެވެ. “ނޯ، އެއީ ޓީވީ ގެ އަޑޭ، މަންމަ އެބަ އިންނެވިތަ، އިރުކޮޅަކުން ދަނީ އިނގޭ” މިޝަލް އެހެން ބުނެލުމުން ސާޝާވެސް ބޯޖަހާލަމުން ހިނގައިގަތެވެ.

“ދެން ދޭ މިޝަލް ކާން” މީކާޢިލް މިޝަލް ދޮރުލައްޕާލާފައި އެނބުރިލުމުން ބުނެލިއެވެ.

“އަހަރެން ކާހިތެއް ނެތް، އެހެންނޫނަސް އަހަރެން އަންނަންވާއިރަށް މީކާޢިލް ހިނގައިދާނެ” މިޝަލް ބުނެލިއެވެ.

“ނޫން، މިޝަލް ކާންވާނެ، މަންމަ އެހެންނޫނީ ވަރަށް ދެރަވާނެ، އަސްލު މަންމަ މިޝަލްއާއިއެކު ވަގުތު ހޭދަކުރަންވެގެންނޭ ކާގަޑީގައި އެގޮވަނީ، ކައިގެން އައީމަ ވާހަކައެއް ބުނާނަން، މިއަދު މިޝަލް ކުރިކަމެއްގެ ވާހަކަ، އަހަރެން އެއްވެސް ތަނަކަށް ނުދާނަން، މިކޮޓަރީ މިގޮތަށް ގުޑިވެސް ނުލާ އޮވެދާނަން” މީކާޢިލް ބުނެލިއެވެ.

“މިހާރު އަހަންނަށް ކީއްކުރެވުނީ” މިޝަލް ހައިރާންވެފައި އަހާލިއެވެ.

“ދެން ކައިގެން އައީމަ ބުނާނަމޭ” މީކާޢިލް ބުނެލިއެވެ. މިޝަލް ދެފަރާތަށް ބޯހަލުވާލަމުން ކޮޓަރިން ނުކުތެވެ. އޭނަ ކާމޭޒު ކައިރިއަށް ދެވުނުއިރުވެސް އޭނަގެ ސިކުނޑީގައިވަނީ މީކާޢިލް ބުނި ޖުމްލައެވެ. އަނެއްކާ އޭނައަށް ކޮންކަމެއް ކިހިނެއް ކުރެވުނީބާއެވެ. ހަފްސާ ގޮވާލުމުން އޭނައަށް ހިނިތުންވެލިއެވެ. ހަފްސާ އިންގޮތުން އެއިނީ މިޝަލް ނައިސްގެންކަން އޭނައަށް އެނގުނެވެ. “މަންމަ ކީއްވެގެންތޯ، ކާންނުފައްޓާ ތިއިންނެވީ….” މިޝަލް ސިންކުގެ ކައިރިއަށް ޖެހިލަމުން ބުނެލިއެވެ.

“ޝެބީ، އަންނަ ހުކުރުދުވަހު މަންމަ މިއުޅެނީ މަންމަގެ ވަރަށް ގާތް ފުރެންޑެއް މިގެއަށް ގެންނަންވެގެން، މެންދުރުގެ ކެއުމަށް” ހަފްސާ ލަސްލަހުން ބަސްތަށް އަމުނާލިއެވެ.

“ދަރިފުޅު ކީކޭ ބުނަނީ” މިޝަލް އެއްޗެކޭ ނުބުނުމުން ހަފްސާ އަހާލިއެވެ.

“މަންމަގެ ފުރެންޑެއް މިގެއަށް އައިސްގެން އަޅުގަނޑު ހިތްހަމަ ނުޖެހެންވީ ކީއްވެ؟ މަންމަ ވެސް ލީން މިގެއަށް އައިސް އުޅުނަސް ރުޅިއެއް ނުދުރުވަމެއްނޫންތޯ” މިޝަލް ހިނިތުންވެލަމުން ބުނެލިއެވެ. ހަފްސާ ވެސް އެޖަވާބާ ދޭތެރޭ ވަރަށް ހިތްހަމަ ޖެހުނެވެ. އޭނައަށް ކުރިން ވެސް އޭނާގެ ދިރިއުޅުމުގެ ކަންތައްތަކަށް މިޝަލް ފާޑު ނުކިޔާނެކަން އެނގެއެވެ.

ހަފްސާ މިޝަލްއަށް ޖާވިދުގެ ހުންނަ ސަމާސާ މިޒާޖުގެ ވާހަކަތައް ކިޔާދިނެވެ. މިޝަލް ހިނިއައިސްފައި ހަފްސާގެ ވާހަކަތައް އަޑުއަހަމުން ދިޔައިރު އޭނައަށް ވެސް ޖާވިދަކީ ހަފްސާގެ އާދައިގެ ރަޙްމަތްތެރިއެއް ނޫންކަން އެނގުނެވެ. އެކަމަކު ހައިރާންވީ މިހާ ދުވަހަކު ޖާވިދުގެ ވާހަކަ މިޝަލްއަށް އަޑުނީވި އޮތުމުންނެވެ. މިޝަލްގެ ހިތުގައި ޖާވިދު ދެކެލުމުގެ ޝައުގުވެރިކަން އުފެދިގެންދިޔައެވެ.

ކާމޭޒު ކައިރިން ސަލާމަތް ވެގެން ކޮޓަރިއަށް އަވަހަށް ދިއުމަށް ހިތްއަވަސްވެފައިވާ މިޝަލް ހިނގައިގަތްތަނާ ހަފްސާ ގޮވާލިއެވެ.

“ދަރިފުޅު ތަނަކަށް ތަދުވާތިތަ ތިއުޅެނީ” ހަފްސާ އަހާލިއެވެ. ހަފްސާ އަށް މިޝަލް ހިނގައިފާ ދިޔައިރު މިފަހަރު ވެސް އައިބުގޮތެއް ހުރިހެން ހީވީއެވެ.

“ނޫން މަންމާ، ކިހިނެއްތޯ ވީ؟” މިޝަލް ފަސްއެނބުރިލަމުން އަހާލިއެވެ. ހަފްސާ ކަމެއްނުވެއޭ ބުނާފަދަ ގޮތަކަށް ބޯހޫރާލިއެވެ. މިޝަލް އެކަމަށް މާބޮޑު ސަމާލުކަމެއް ނުދެއެވެ. އޭނަ ބެލީ އަވަހަށް އޭނާގެ ކޮޓަރިއަށް ދެވޭތޯއެވެ. އެހިތްތެޅެމުން ދިޔައީ މީކާޢިލްގެ ރީތި މޫނުދެކެލުމަށެވެ.

ކޮޓަރީގެ ތަޅުގެ އަތްގަނޑުގައި ހިފާލަމުން މިޝަލް ދޮރުހުޅުވާލިއިރު އޭނާގެ މޫނުމައްޗަށް ހިނިތުންވުމެއް ވެރިވެފައިވެއެވެ. މިޝަލް ކޮޓަރިތެރެއަށް ދެމިގަންނަމުން ދޮރު ލައްޕާ ތަޅުލިއެވެ. މަޑުމަޑުން އެއްވެސް މީހަކަށް އަޑުނީވޭނޭ ފަދަ ގޮތަކަށެވެ. މިޝަލްގެ ފޮތް ހަރުގަނޑުކައިރީ ހުރި މީކާޢިލް ފެނުމުން އޭނައަށް ދެއަތްޖޯޑުކޮށް ގެނެސް މޭގައި ޖައްސާލެވުނެވެ. އަދި ފުންނޭވާއަކާއިއެކު ދެލޯ މަރާލުމަށްފަހު ހުޅުވާލިއެވެ.

“އަހަރެން ބުނީމެއްނު ނުދާނަމޭ” މީކާޢިލް މިޝަލްއަށް ދެކޮނޑުއަރުވާލަމުން ހިނިތުންވެލީ އޭނާގެ ބަހުގެ ޔަގީންކަން ހާމަކޮށްދޭފަދަ ގޮތަކަށެވެ.

މިޝަލްގެ ހުނުމުގެ އަޑުއިވުނެވެ. އޭނަ މަޑުން މަޑުން މީކާޢިލްގެ ގާތަށް އައިސް ހުއްޓިލިއެވެ.

“ހޫމް…….އެނގެއޭ މީކާޢިލް އަހަންނަށް ދޮގެއް ނުހަދާނެކަން، އެކަމަކު ތިއޯ” މިޝަލް މީކާޢިލްގެ އަތުގައި އޮތް އިނގިރޭސި ވާހަކަފޮތަށް ލޮލުން އިޝާރާތްކޮށްލިއެވެ.

“މީކާޢިލްވެސް ވާހަކަ ކިޔަންތައް” މިޝަލްގެ އެޖުމްލައިގައި ލާނެތްގޮތެއް އެކުލެވިފައިވާކަން މީކާޢިލްއަށްވެސް އެނގުނެވެ.

“އަހަރެން ވިއްޔާ ވާހަކަ ކިޔައިގެން ނުވޭތަ؟” މީކާޢިލް އޭނާގެ އަތުގައި އޮތް ފޮތް އެއޮންނަންވާ ތަނަށް ލަމުން އަހާލިއެވެ. އަދި މިޝަލްގެ އަތުގައި ހިފައި އޭނައާއި ގާތްކޮށްލިއެވެ.

“މިޝަލް ހަމަ އެވާހަކަތަކުގައި ހުންނަ ކަންތައްތައް ގަބޫލުކުރާތިތަ އެކަހަލަ ވާހަކަ ކިޔަނީ؟ ހަގީގީ ކުލަވަރު ހިމެނޭ އެންމެ ފޮތެއްވެސް މިތާ ނެތް” މީކާޢިލް ބުނެލިއެވެ. މިޝަލްގެ އަތުގައި ހިފައިގެން މަޑުންމަޑުން ފަހަތަށް ފިޔަވަޅު އަޅަމުން މީކާޢިލް ކުޑަދޮރާ ހަމައަށް ދިޔައެވެ. އޭނައަށް މިޝަލް އެކަމުގައި އެހީވާކަށް ނުޖެހުނެވެ. މީކާޢިލް މާކުޅަދާނައެވެ. އޭނައަށް އެކޮޓަރީގައި ދެލޯމަރާލައިގެން އުޅުމަކީވެސް އުނދަގޫ ކަމަކަށްނުވާނެއެވެ. އެއީހަމަ ޖިންނިއަކަށް ވީމަބާއޭ މިޝަލްގެ ހިތަށްއެރިއެވެ.

“އެހެންވީމަތާ މީކާޢިލްތީ އިންސާނެއްނޫނޭ ބުނީމަވެސް ގަބޫލުކުރެވުނީ، ނުފެންނަ ކޮންމެ އެއްޗަކީ ނުވާއެއްޗަކަށް ނުހެދޭނެ އެއްނު، އަހަރެން ގަބޫލުކުރަން އަހަންނަށް ފެންނަ ކޮންމެ އެއްޗެއް އެހެން މީހަކަށް ނުފެނިދާނެކަން، ހަމަ އަހަންނަށްވެސް އެގޮތަށް ދިމާވެދާނެ އެއްނު، އަހަރެން ހަމަގައިމުވެސް އޭމީހަކު މޮޔައަކަށް ނުހަދާނަން” މިޝަލް މީކާޢިލްގެ މޫނުގައި ދެއަތުން ހިފާލަމުން ބުނެލިއެވެ.

“ތިހާ ރީތީ ކީއްވެގެންތަ؟” މިޝަލް އަނެއްކާވެސް ބުނެލިއެވެ.

މިޝަލްގެ އެޖުމްލަ އާއިއެކު މީކާޢިލްގެ ހުނުމުގެ އަޑު ލުއި މިއުޒިކެއް ފަދައިން މުޅިކޮޓަރިއަށް ފެތުރިގެން ދިޔައެވެ. ކޮޓަރީގައި ހުޅުވާފައި ހުރި ޓީވީގެ އަޑުވެސް ފަނޑުވެގެން ދިޔަ ކަހަލަ އެވެ. އަބަދުވެސް ރީތި ރަމްޒުކޮށްދޭނީ ކޮންމެވެސް އަންހެން ކުއްޖެއްގެ ސިފަތަކެވެ. އޭނާގެ ވަނާތަކެވެ. ފަތްމިނި ކިއުނީވެސް އަންހެނަކަށެވެ. އެކަމަކު މިޝަލްގެ ކުރިމަތީ ހުރީ އަންހެނެއް ނޫނެވެ. އެއީ ފިރިހެނެއްކަން މިޝަލްއަށް އެތަށްގޮތަކުން ޔަގީންވެއެވެ. މީކާޢިލް ފެންނަ ކޮންމެ ފަހަރަކު އޭނާގެ ރީތިކަން ކުރިއަށްވުރެ އިތުރުވާހެން ހީވަނީ ހަމައެކަނި މިޝަލްގެ ހިތަށްބާއޭ އޭނާގެ ހިތަށްއެރިއެވެ. އެރީތި ފެހިކުލައިގެ ލޮލާއި މިޝަލްގެ ލޯ ބައްދަލުވާހިނދު އާޝޯހްވާވަރުވެއެވެ. މުޅިހަށިގަނޑު އެރީތިދެލޮލުގެ ތެރެއަށް ގެނބިގެން ދިއުމަށް އެދެނީ ކިތަށްފަހަރު ކަމައްވެސް މިޝަލްއަށް ބުނެދޭކަށް ނޭނގެއެވެ. މީކާޢިލްގެ ކޮންމެ ބީހިލުމެއްގައި ޖާދޫއެކުލެވިގެންވެއެވެ. އެފަދަ ދެވަނަ ބީހުމަކަށް ހަށިގަނޑު މަރުހަބާ ކިޔައެވެ. ހިފަހައްޓާލެވޭ ނޭވާއާއިއެކު ދެލޯމަރާލެވެއެވެ. މިއިން އެއްވެސް ކަމަކަށް މިޝަލްގެ އަމިއްލަ ބާރެއް ނުފޯރުވެއެވެ.

މީކާޢިލްގެ މޫނު މިޝަލްގެ މޫނާ ކައިރިކޮށްލުމުން މިޝަލް ދެލޯމަރާލިއެވެ. އޭރު އޭނާގެ މޫނަށް މީކާޢިލްގެ ހޫނު ނޭވާއެޅެމުން ދިޔައެވެ. މީކާޢިލް މިޝަލްގެ ތުރުތުރު އަޅަމުން ދިޔަ ތުންފަތަށް ބަލާލިއެވެ. އަދި ހިނިތުންވެލިއެވެ.

“ވަރަށް ވަރަށް ވަރަށް ލޯބިވޭ…” މީކާޢިލް ވައިއަޑުން މިޝަލްގެ ކަންފަތް ދޮށުގައި ބުނެލިއެވެ. މިޝަލްގެ މޫނުމައްޗަށް އުފާވެރިކަމުގެ ހިނިތުންވުމެއް ވެރިވެގެންދިޔައެވެ. މީކާޢިލް، މިޝަލްގެ ދެއަތްތިލާގައި ހިފާ ބާރުކޮށްލަމުން މިޝަލްގެ ނިތްކުރީގައި ބޮސްދިނެވެ.

“އަހަރެންމީ މީކާޢިލްގެ އަނބިމީހާއޭ ބުނީމެންނު، އެއީ ހަމަ ތެދެއްތަ؟” މިޝަލް އެސުވާލު ކުރުމުން މީކާޢިލް ހައިރާނެއްނުވިއެވެ. އޭނަ މަޑުމަޑުން މިޝަލްއަށް ބޯޖަހާލީ އާއެކޭ ބުނުމުގެ ގޮތުންނެވެ.

“އެކަމަކު…އެކަމަކު އެއީ ކިހިނެއް، އަހަރުމެން މެރީކުރާނީ ކިހިނެއް” މިޝަލް މީކާޢިލްއަށް ބަލަންހުރީ ސުވާލުން ފުރިގެންވާފަދަ ގޮތަކަށެވެ.

“މިޝަލް އަހަރެންގެ ލޯބިވެރިއަކަށް ވާންބޭނުންވި ދުވަހުން ފެށިގެން، އަހަރެންމީ ކާކުކަން އެނގިހުރެ އަހަރެންނާ ގުޅެން އެއްބަސްވީމަ، އަހަރުމެންގެ ސަގާފަތް އިންސާނުންގެ ދިރިއުޅުމާ، ސަގާފަތާ އެއްގޮތް ނުވެދާނެ، މިހެން ބުންޏަސް ވަރަށް ބޮޑު ފަރަގު ހުންނާނެ” މީކާޢިލް ބުނެދިނެވެ.

މިޝަލް އޭނަގެ ޝަހާދަތްއިނގިލި މީކާޢިލްގެ ތުންފަތުގައި ޖައްސާލިއެވެ. އޭނަ އިތުރު އެއްވެސް އެއްޗެއް އަޑުއަހަން ބޭނުންނުވާ ކަހަލައެވެ. މީކާޢިލްގެ މޭގައި މޫނުޖައްސާލިއެވެ. މިޝަލްގެ ހިތް މިރޭ އުފަލުން ނަށަނީއެވެ. އޭނަ ދުވަހަކުވެސް މީކާޢިލް އާއި ދުރަށްދާން ނުޖެހޭނެތީއެވެ. މީކާޢިލްގެ ހަޔާތުގެ ބައިވެރިއަކަށް އޭނައަށް ވެވުނީމައެވެ. މިޝަލްއަށް އޭނަ އާއި މީކާޢިލްއާ ދެމެދު ހުރި ތަފާތުތައް ފާހަގަ ނުކުރެވޭ ކަހަލައެވެ. ނޫނީ ފާހަގަ ކުރަން ބޭނުންނުވަނީ ކަންނޭނގެއެވެ. ކޮންމެގޮތަކުންވެސް އޭނަ މީހާރު ބޭނުންވަނީ މީކާޢިލް އާއިއެކު ވާށެވެ. އެބާރުގަދަ ދެއަތުގެ ތެރޭން ހިމާޔަތް ހޯދާށެވެ. ލޯތްބާ އޯގާތެރިކަން ލިބިގަންނާށެވެ. މިޝަލް މީކާޢިލްގެ މޫނުގެ އެތަންމިތަނުގައި ބޮސްދޭންފެށިއެވެ. މީކާޢިލް މިޝަލްގެ ހަރަކާތްތަކަށް މަރުހަބާކިޔައެވެ. އާދަޔާ ހިލާފަށް މިޝަލްގެ މޫނަށް އެޅެމުންދިޔަ މީކާޢިލްގެ ނޭވާ އަވަސްވެ ހޫނުވާހެން މިޝަލްއަށް އިހްސާސް ކުރެވުނެވެ.

ދެމީހުންގެވެސް މެރިފައިވާ ލޯ ކުއްލިއަކަށް ހުޅުވުނީ މިޝަލްގެ ދޮރުގެ ތަޅުގައި ހިފާލުމަށްފަހު ދޮރުގައި ޓަކިޖެހުމުންނެވެ. މީކާޢިލް މިޝަލްގެ ކޮނޑުގައި ހިފައި އޭނައާއި ދުރުކޮށްލިއެވެ. އަދި ކުޑަދޮރުން ބޭރު ފެންނަގޮތަށް އެނބުރިލިއެވެ. މިޝަލްއަށް އޭނަގެ މޫނުގައި ދެއަތްތިލަ ޖައްސާލެވުނެވެ. އަދި ހިންދިރުވާލެވުނެވެ. އަވަސް ފިޔަވަޅުގައި ގޮސް ދޮރުހުޅުވާލިއެވެ. ކުރިމަތީ ހުރީ ހަފްސާއެވެ.

“މަންމަ” މިޝަލްއަށް އަވަސް އަވަހަށް ބުނެލެވުނެވެ.

“ކާކު ކަމައް ހީކުރީ” ހަފްސާ މިޝަލްގެ ކޮޓަރިއަށް ވަންނަމުން އަހާލިއެވެ. މިޝަލްއަށް ހަފްސާ ހުއްޓުވާކަށް ނުކެރުނެވެ.

“ސާޝާ ކަމަށް ހީކުރީ، މަންމަ ކަމަކުތޯ؟” މިޝަލްއަށް އަހާލެވުނެވެ.

“ނޫން، ނިދަން ދަމުން ހަމަވަދެލީ، ޝެބީ ކީއްތަ ތިކުރަނީ” ހަފްސާ އަހާލިގޮތުން މިޝަލްގެ ހިތްބިރުގަތެވެ.

“ކޮންވަހެއްތަ އެދުވަނީ، ޝެބީ އާސެންޓު ފުޅިއެއް ގަތީތަ، މަންމަވެސް ބޭނުން، ހާދަ މީރު ވަހެކޭ އެދުވަނީ” ހަފްސާ ކޮޓަރި ތެރެއިން ވަސްބަލާލާފަދަ ގޮތަކަށް ނޭފަތް އެތެރެއަށް ދަމާލިއެވެ. ހަފްސާގެ އެޖުމްލައަށް މީކާޢިލް ބަލާލިއެވެ. އޭނާގެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވެގެންދިޔައެވެ.

“ކަމެއް ނުކުރަން، މީ….މީ އަޅުގަނޑު ޓީވީ ބަލަން އޮއްވާ ނިދުނީ، ދޮރުގައި ޓަކި ޖަހާލިއަޑަށް ދިޔައީ ސިއްސައިގެން” މިޝަލް ހަފްސާގެ ހުރިހާ ސުވާލަށް ޖަވާބު ދޭކަށް ބޭނުމެއްނުވިއެވެ. އެހެންނޫނަސް އެކޮޓަރިން މީރުވަސް ދުވާ ވާހަކަ ބުނީ ހަފްސާ އެކަންޏެއް ނޫނެވެ. އެއީ ކީއްވެގެންކަން މިޝަލްއަށް އެނގެއެވެ.

“އެހެންތަ، ދަރިފުޅު ނިދަމުން ކުޑަދޮރުލައްޕާފަ ނިދައްޗޭ، މަންމަވެސް މިދަނީ ނިދަން، ގުޑްނައިޓް” ހަފްސާ ކުޑަދޮރާދިމާލަށް ބަލާލާފައި ތެދުވިއެވެ. އަދި ހިނިތުންވުމާއެކު މިޝަލްގެ ކޯތާފަތުގައި ފިރުމާލިއެވެ. މިޝަލް ހަފްސާގެ ފަހަތުން ދޮރާހަމައަށް ދިޔައެވެ.

“ހަނދާންކޮށް ކުޑަދޮރު ލައްޕައިގެން، ޓީވީ އާއި އެއްޗެހި ނިއްވާލައިގެން ނިދާނީ” ހަފްސާ ނުކުންނަމުން އަނެއްކާވެސް ހަނދާންކޮށްދިނެވެ. ހަފްސާއަށް އެއްޗެއް ހީވަނީ ބާއޭ މިޝަލްގެ ހިތަށްއެރިއެވެ. އެކަމަކު ޔަގީނުންވެސް ހަފްސާއަށް މީކާޢިލްއެއް ނުފެންނަކަން އެނގެއެވެ.

މިޝަލް ދޮރުތަޅުލުމަށްފަހު މީކާޢިލްއާއި ދިމާލަށް އެނބުރިލިއެވެ.

“ދެން ހަމަ އެއްވެސް ތަނެއްގަ ނީށިންނަންތަ ތިހުންނަނީ، ފައިވެސް ވާޅުނުވޭތަ” މިޝަލް ބުނެލިއެވެ.

“ހޫމް! މިހެން ހުރެދާނަން މިޝަލްއަށްޓަކާ މުޅިއުމުރުވެސް” މީކާޢިލް ހިނިތުންވެލަމުން ބުނެލިއެވެ.

“އެކަމަކު އަހަރެންގެ ފައިވާޅުވެޔޭ އަބަދު ކޮއްޅަށް ހުންނަންވީމަ” މިޝަލް މީކާޢިލްގެ ގާތަށް ހިނގައިގަންނަމުން ބުނެލިއެވެ.

“އަހަރެން މިޝަލް އުރާލަފާނަމޭ……..ހެހެހެހެހެހެ…….އާދޭ މިތާ އިށިންނަން” މީކާޢިލް އެނދުގައި އިށީންނަމުން ބުނެލިއެވެ. މިޝަލް އެނދަށް އަރާ މީކާޢިލްއަށް ކުރިމަތިވާގޮތަށް އިށީނެވެ.

“މިޝަލް، އަހަންނާއެކު ބޭރަށް ނުކުމެލާނަންތަ، މިރޭ ވަރަށް ރީތި ހަނދުވަރުދޭ، އަހަރެން މިޝަލް ގޮވައިގެން ބޭރަށް ގޮސްލަން ވަރަށް ބޭނުން……..ދާނަންތަ” މީކާޢިލް އަހާލިއެވެ. މިޝަލް އަވަސް އަވަހަށް އާނއެކޭ ބުނެލިއެވެ. އޭނައަށް މީކާޢިލްގެ އެއްވެސް ކަމަކަށް ނޫނެކޭ ބުނާނީ ކިހިނެއް ހެއްޔެވެ.

“އެކަމަކު ތި ހެދުމުގައެއްނޫން، މިރޭ މިޝަލް ލާންވާނީ އަހަރެން ބޭނުންވާ ހެދުމެއް” މީކާޢިލް ބުނެލިއެވެ.

ހައިރާންވެފައި މިޝަލް މީކާޢިލްއަށް ބަލާލިއެވެ. އެސްފިޔަ ޖަހާލާފައި ލޯ ހުޅުވާލިއިރު މީކާޢިލް ހުރީ މިޝަލްގެ އަލަމާރި ކައިރީގައެވެ. މިޝަލް ހިނިއައިސްފައި ދެފަރާތަށް ބޯހޫރުވާލިއެވެ.

“މީކާޢިލް ބޭނުންވާ ކަހަލަ ހެދުމެއް އަލަމާރީގަ އެބަހުރިތަ؟” މިޝަލް މީކާޢިލް އަލަމާރި ހާވަން ފެށުމުން އަހާލިއެވެ.

ކުއްލިއަކަށް މީކާޢިލް އަލަމާރި ތެރެއިން ނަގާ މިޝަލްއަށް ދައްކާލި އެތިން މިޝަލް ހުރީ ހައިރާންވެފައެވެ. މީކާޢިލްގެ ދެއަތުގައި އޮތީ މިޝަލްގެ ދެނައިޓީއެވެ. ކަޅު ކުލައިގެ ނައިޓީ އަކާއި ހުދު ކުލައިގެ ނައިޓީއެކެވެ. މިޝަލް ތެދުވެގެން ގޮސް މީކާޢިލްގެ އަތުން ކަޅުކުލައިގެ ސެޓިން ފޮތީގެ ނައިޓީ އަތުލިއެވެ. އަދި މީކާޢިލްއަށް އެނައިޓީ ދެއަތުން ފަތުރާލަމުން ދައްކާލިއެވެ. އަތުގެ ބަދަލުގައި އިނީ އައްސާލާގޮތަށް އޮތް ވާކޮޅެކެވެ. އަނެއްކޮޅުން އެހާ ކުރެވެ.

“މީކާޢިލް، އަހަންނަކަށް ނުކެރޭނެ މިލައިގެން ބޭރަށް އެންމެ ފިޔަވަޅެއްވެސް އަޅާކަށް” މިޝަލް އެހެން ބުނިއިރު އޭނަގެ މޫނުމަތިން ލަދުވެތިކަން ފެންނަން ހުއްޓެވެ.

“މައްސަލައެއްނޫން އެއީ، އަހަންނަށްވެސް ހީވަނީ މިކުލަ ކަމުދިޔަޔަސް މިހެދުން ކަމަކު ނެދޭހެން، ދެން މިހެދުން ކިހިނެއް” މީކާޢިލް މިޝަލްއަށް އޭނާގެ އަނެއްއަތުގައި އޮތް ހުދު ނައިޓީ ދައްކާލިއެވެ. މިޝަލްއަށް އެއްކޮށް ކަމުނުދިޔަ ނަމަވެސް އެނައިޓީ ލާން އެއްބަސްވިއެވެ.

ފާޚާނާއިން ނުކުތް މިޝަލް ފެނިފައި މީކާޢިލްގެ ހިތުގެ ވިންދުއަވަސްވިއެވެ. ވަގުތުން ގެނެސް އަތުގެތެރޭ ބޮނޑިކޮށްލަން ހިތަށްއެރިއެވެ. ހުދު ނައިޓީގެ ތުނިތުނި ޖެކެޓުގެ ތެރެއިން ލާފައިހުރި މަޑު ސެޓިން ފޮތީގެ ކުރު ހެދުންކޮޅުން މިޝަލްގެ އެކިވަނާ ވަކިވަކިން އެގެންހުއްޓެވެ. މީކާޢިލްގެ ލާނެތް ހިނިތުންވުން ފެނުމުން މިޝަލް ކުޑަކޮށް ލޯއަޅާލިއެވެ. އަދި އެނބުރި ފާހާނާއަށް ވަންނަން އުޅުނެވެ.

ހަމައެވަގުތު މީކާޢިލް ކުއްލިއަކަށް އައިސް އޭނާގެ އަތްދަނޑިމައްޗަށް މިޝަލް އުފުލާލިއެވެ.

“ދަނީތަ އަހަންނާ ދުރަށް” މީކާޢިލް އަހާލިއެވެ.

“މީކާޢިލް އަހަންނަށް މަލާމާތް ކުރަނީނު، މީކާޢިލް އެއްނު ބުނީ މިހެދުން ލާށޭ ވެސް” މިޝަލް ކުޑަކޮށް ޝަކުވާކޮށްލިއެވެ. މީކާޢިލް މިޝަލް ގެނެސް އެނދުގައި ބާއްވާލިއެވެ.

“އަހަރެން މަލާމާތެއް ނުކުރަން، ހިނިއައީ އަހަރެންގެ މޭގައި މިހިނގާ ހިތަށް އެރިއެއްޗަކުން، އެއީ މިހާރު އަހަރެންގެ ބާރު ފޯރާ އެއްޗެއް ނޫން، އެހެންނޫނަސް މިރޭ މިޝަލްފެންނަ ކޮންމެ މީހެއްގެ ހިތަށްވެސް އެފަދަ އެއްޗެއް އަރާފާނެ ކަމާމެދު ޝައްކެއްނެތް، އެހާވެސް ރީތީ، މަގޭ މިޝަލް، ހަމައެކަނި އަހަރެންގެ މިޝަލް…މިޝަލް، އަހަރެން މިޝަލްދެކެ ހާދަ ލޯބިވެޔޭ، މިވަގުތު މިހިތްއެދޭހާ ކަމެއްކުރަން ޖެހިލުންވެސް ވޭ” މީކާޢިލް މިޝަލްގެ މޫނާދިމާލަށް ގުދުވެލައިގެން އޮވެ ބުނަމުންދިޔައެވެ. މިޝަލް އޭނަގެ ދެއަތްތިލާގެ އެހީގައި މޫނު ފޮރުވާލީ ލަދުންނެވެ.

“އަހަރެން ތިމޫނަށް މުޅިއުމުރު ބެލިޔަދީބަލަ” މީކާޢިލް މިޝަލްގެ މޫނުގައި އަޅައިފައިވާ ދެއަތްތިލަ ނަގަމުން ބުނެލިއެވެ. މިޝަލް ކުއްލިއަކަށް އެދުގައި ތެދުވެ އިށީނެވެ.

“ހަގީގަތުގައި އަހަންނާ ބަލާފަ މީކާޢިލް މާ ފުރިހަމަ” މީކާޢިލް މިޝަލްގެ ތުންފަތުގައި އިނގިލިޖައްސާލީ މިޝަލް ބުނަން އުޅުނު ޖުމްލަ ހުއްޓުވުމުގެ ބޭނުމުގައެވެ. އޭނަ އެނދުގައި އިށީނެވެ. މިޝަލްއާއި ކުރިމަތިވާ ގޮތަށެވެ. އަދި އެމޫނަށް ބަލާލިއެވެ.

“އަހަރެން ދުވަހަކުވެސް ބޭނުމެއްނޫން މިޝަލް، އަހަންނާއި މިޝަލް އާއި އަޅާކިޔާކަށް، ދުވަހަކުވެސް ބޭނުމެއްނޫން، އަހަރެން ވާލޯބި ދުވަހަކުވެސް ބަދަލެއްނުވާނެ، މިހިތުގެ ރާނީ ކަމުގައި އަބަދުގެ އަބަދަށް ވާނީ މިޝަލް، ހަމައެކަނި މިޝަލް” މީކާޢިލް މިޝަލްގެ އަތުގައި ހިފަހައްޓާލައިގެން އިނދެ ބުނެލިއެވެ.

“އެހެންވީރު ބުނެބަލަ، މީކާޢިލްއަށް އެންމެ ރީތީ ކަޅުކުލަތަ” މިޝަލް މީކާޢިލްގެ ޓީޝާޓަށް ބަލާލަމުން އަހާލިއެވެ. މީކާޢިލް ހިނިތުންވެލަމުން ބޯޖަހާލިއެވެ.

“ކީއްވެ؟” މިޝަލް އަނެއްކާވެސް ސުވާލުކޮށްލިއެވެ.

“އަނދިރިކުލައެއްވީމަ، އަނެއްކާ މިޝަލްއަށް ކަމުނުދަނީތަ؟” މީކާޢިލް އޭނާގެ ޓީޝާޓުގައި އަތްޖައްސާލަމުން ބުނެލިއެވެ.

“މިޝަލް ބުނެފިއްޔާ މިޓީޝާޓު ވެސް ބާލަފާނަން” މީކާޢިލް ލާނެތް ރާގަކަށް އެހެން ބުނެލަމުން ހީނގަތެވެ.

“ނޫން……ނޫން……..އެހެނެއްނޫނޭ، އަސްލު ވަރަށް ގުޅޭ މީކާޢިލް އާއި ކަޅުކުލަ” މިޝަލް ދެކަކޫގެނެސް މޭގައި ޖައްސާލަމުން ބުނެލިއެވެ.

“މިރޭ މީކާޢިލް ހީވަނީ ވަރަށް ރަނގަޅު މޫޑެއްގަ ހުރިހެން” މިޝަލް މީކާޢިލް އާއި ހަތަރުކަޅި ހަމަކޮށްލަމުން ބުނެލިއެވެ.

“އަހަންނަށް މިޝަލް ފެނުމުން އަބަދުވެސް ހިތްހަމަ ޖެހެއޭ، އުފާވެސްވޭ…….ވީއިރު މޫޑު ރަނގަޅު ނުވާންވީ ސަބަބެއް ކޮބާ” މީކާޢިލް މިޝަލްގެ ކޯތާފަތުގައި އަތުގެ ނުފުށުން ފިރުމާލިއެވެ.

“އެކަން އެނގޭއޭ، އެކަމަކު….އެކަމަކު މިރޭ ވަރަށް ތަފާތު، މިބުނީ….ދެންނޭނގެ ބުނެދޭކަށް” މިޝަލް ބުނެލިއެވެ. އޭނަގެ ހިތުގައިވާ އެއްޗެއް ދުލުން ބަޔާން ކުރަން ނުކުޅެދުނެވެ. މިރޭ މީކާޢިލްގެ ޢަމަލުތަކުގައި މަސްތުކުރުވަނިވި ޖާދޫއެއް އެކުލެވިފައިވާކަން މިޝަލްއަށް ފާހަގަ ކުރެވުނެވެ. މިޝަލްގެ އިޙްސާސްތައް ކޮންޓްރޯލު ކުރަންވެސް ބައެއް ވަގުތުތަކުގައި އުނދަގޫވިއެވެ.

މީކާޢިލް އެނދުން ތެދުވެ ދެޖީބަށް އަތްޖަހާލިއެވެ. އަދި މިޝަލްއަށް ބަލާލަމުން ދެކޮނޑު އަރުވާލިއެވެ. އެނދުގައި ދެކަކޫ ގެނެސް މޭގައި ޖައްސާލައިގެން ދެއަތުން ފައިގާ ހިފަހައްޓާލައިގެން އިން މިޝަލް ކުއްލިއަކަށް ފައިތިރިކޮށްލަމުން މީކާޢިލްއަށް ފުންނަޒަރަކުން ބަލާލިއެވެ.

“މީކާޢިލް، އަހަންނަށް މިއަދު ތިޓީޝާޓު ފެނުނުކަންނޭނގެ، ކޮންތަކުންބާ، މީކާޢިލްވެސް ހެދުން ގަންނަނީ އަހަރުމެން ފަދައިން ފިހާރަތަކުންތަ” މިޝަލް ވިސްނާލިއެވެ. މީކާޢިލްގެ ހުނުމުގެ އަޑު އަނެއްކާ ވެސް އިވުނެވެ.

“މިޝަލް ހަނދާނެއްނުވޭތަ” މީކާޢިލް ހެމުން ބުނެލިއެވެ. އެއަޑުގައިވަނީ ލާނެތްގޮތެކެވެ.

“އިރުއޮއްސެނިކޮށް ކަންނޭނގެ ފެނުނީ، މިޝަލް އަލައިނާ އާއިއެކު މިއަދު ބޭރަށް ދިޔައިން ދޯ” މީކާޢިލް އޭނާ ހުރި ފިޔަވަޅުމަތީ ހުރެ ވަރަށް ނޫންގޮތަކަށް ބުނެލިއެވެ.

މިޝަލްއަށް ހަނދާންވީ ދެނެވެ. މީކާޢިލް އެބުނީ ތެދެކެވެ. އިރުއޮއްސެނިކޮށް އެކޮޓަރީގެ ދޮރުހަރުކުރަން އައިމީހާ ހުރީ ހަމަ އެޓީޝާޓު ލާފައެވެ.

“ކުޑަދޮރު ހަރުކުރަން އައި މީހާ ހުރީ ހަމަ ތީގެ ޓީޝާޓެއް ލާފަ، އޭނަ ހުރީ އެއްކޮށް ކަޅުއެއްޗެހި ލާފަ…..އެއީ އަނެއްކާ…..” މިޝަލް މީކާޢިލްއަށް ބަލާލީ ސުވާލުގެ ނަޒަރަކުންނެވެ. އޭރުވެސް މީކާޢިލް ހެނީއެވެ.

“އަހަރެން ބުނީމެއްނު މިޝަލް މިއަދު ކުރިކަމެއްގެ ވާހަކަ ބުނާނަމޭ، މިއަދު އަހަރެން ފެނިފަ މިޝަލްއަށް ނޭނގުނުދޯ، އަހަރެން ހީކުރީ މިޝަލްގެ ކައިރިން ދިއުމުން އެނގޭނެކަމަށް” މީކާޢިލް ބުނެލިއެވެ.

“އެއީ މީކާޢިލްތަ؟ ކިހިނެއް؟ ކިހިނެއް މަންމަ މީކާޢިލް އަތަށް ދޮރުދީފަ ފޮނުވީ، ނަސީބެއްނު މީހަކަށް ޝައްކުނުވިކަން، އަހަންނަ ކުޑަކޮށް ހީވިއޭ މީކާޢިލްހެން، އެކަމަކު އެރަތް ތޮފި އަޅާފައި ހުރުމުން ނޭނގުނީ” މިޝަލް މީކާޢިލްގެ ގާތަށް ޖެހިލަމުން ބުނެލިއެވެ.

“ދެން ކީއްވެ ބުނީ އަހަރެން މިއަދު ކުރިކަމެއްގެ ވާހަކައޭ؟” މިޝަލް އަނެއްކާވެސް ކުރީ ސުވާލެކެވެ.

“އެހެންބުނީ އަހަރެން އެންމެނަށް ފެންނަ ގޮތަށް އައީމަވެސް މިޝަލްއަށް ނޭނގުނީމަ، މިގޭ ގެންގުޅޭ މީހާވެސް ހީވަނީ އޭނަގެ ލޮލުން އަހަރެން ކާލަ ފާނެހެން، އަހަންނަށްވެސް މިޝަލް މަންމަ ދައުވަތު ދޭނަމަ ދޯ ހުކުރު ދުވަހަކު ކާން އަންނަން…..ހެހެހެހެ……..” މީކާޢިލް ހެމުން ބުނެލިއެވެ. މިޝަލްގެ ގާތަށް ހިންޏެއް ނައެވެ. އޭނައިނީ އަދިވެސް ހައިރާންވެ ކަންބޮޑުވެފައެވެ. ބުނާނެ އެއްޗެއް ނޭނގިފައެވެ.

“ކޮންކަމަކާތަ މިޝަލް ހާސްވަނީ، އެކަކަށް އެކަށްޗެއްވެސް ނޭނގޭނެ…..އަހަރެންގެ ފަރާތުން ލިބޭ ގެއްލުން މަރާމާތު ކުރަންވެސް ވާނީ އަހަންނެއްނު ދޯ، އަހަރެން ބޭނުމެއްނޫން އެހެންމީހަކު މިޝަލްގެ ކަންތައްތައް ކުރާކަށް، އަހަންނަށް ހުރިހާ ކަމެއްވެސް ކޮށްދެވޭނެ، އެއީ އަހަރެން ގަސްތުގަ ކުރިކަމެއް، އަހަރެން ކުޑަދޮރު ހަރުކުރަން އަންނަން އޮތް މީހާ އަޔަނުދިނީ” މީކާޢިލް އެކަންތައް ވީގޮތް މިޝަލްއަށް ކިޔާދިނެވެ. މިޝަލް އިތުރަށް ހައިރާންވިއެވެ. މީކާޢިލްގެ ކުޅަދާނަ ކަމުންނެވެ. އޭނައަށް ހަމަ އެހެން ހެދިދާނެބާއޭ ހިތަށްއެރިއެވެ. އަނެއްކޮޅުން އުފާވެސް ވިޔެއެވެ. މީކާޢިލް އޭނަ ބޭނުންވާ ވަރު އެނގިފައެވެ.

“މީކާޢިލް ބޭނުންވޭތަ އެންމެންނަށް ފެންނަ ގޮތަށް އަހަރެންގެ ގޭގައުޅެން؟” މިޝަލް އަހާލިއެވެ. މީކާޢިލް މިޝަލްގެ ކޮނޑުގައި ދެއަތުން ހިފާލަމުން އާއެކޭ ބުނެ ބޯޖަހާލިއެވެ. މިޝަލްގެ މޫނަށް ހިނިތުންވުމެއްވެރިވިއެވެ.

“އެކަމަކު އެއީ އެހާ ފަސޭހަ ކަމެއްވެސް ނޫން، އަހަންނަށް އެގޮތަށް އުޅެވެންއޮތްނަމަ މިހާރު އުޅެންފެށިތާ ކޮންދުވަހެއް” އެހެންބުނިއިރު މީކާޢިލްގެ ލޮލުގައިވަނީ މާޔޫސްކަމެވެ. މީކާޢިލް ޖިންނި އަކަށް ވީތީ އިންސާނަކާއެކު އުޅެން އުނދަގޫވުމެވެ. އެކަން އެގޮތަށް އޮތްކަމުގައިވިޔަސް މީކާޢިލް އަބަދުވެސް މިޝަލްގެ ހާލުބެލުމުގައި ހުރިހާ ވަގުތެއްކަހަލަ ގޮތަކަށް ހޭދަކުރަނީ މިޝަލްގެ ގާތުގައެވެ. މިޝަލްއަށް ފެނިހުރެގެންނާއި ޤައިބުގާ ހުރެގެންނެވެ.

ކުޑަދޮރުން ވަދެގެން އައިމަޑުމަޑު ވައިރޯޅި މިޝަލްގެ ގައިގާ ބީހިލުމާއެކު ހަށިގަނޑު ތުރުތުރު އަޅާލިއެވެ. އެއްވެސް ވިސްނުމަކާއިނުލާ ވަގުތުން މީކާޢިލްގެ ގައިގާ ބައްދާލިއެވެ. ކިތައްމެ ފިންޏަސް އެހަށިގަނޑުގެ ހޫނުމިން ތިރިނުވާނެކަން އެނގޭތީއެވެ. އެހެންވެ މީކާޢިލްގެ ހަށިގަނޑުގެ ހޫނުކަން ލިބިގަތުމަށެވެ.

“ތިހާ ހީކަރުވަންޏާ ކިހިނެއް ބޭރަށް ދާނީ” މީކާޢިލް ވަކިން ބޮޑަށް މިޝަލް އޭނަގެ މޭގެތެރޭ ފޮރުވާލަމުން ބުނެލިއެވެ.

“ނޫން، ދާންވާނެ، އަހަރެން ބޭނުމީ ވަރަށް ރީތި ތަނަކަށް ދާން” މިޝަލް އުނދަގުލުން ނަމަވެސް މީކާޢިލްއަށް ބަލާލަމުން ބުނެލިއެވެ. މީކާޢިލްގެ މޫނުގައި އަބަދުވެސް ފަނޑުވުމެއްނެތި ފެންނަން ހުންނަ ހިނިތުންވުމާއިއެކު މިޝަލްއަށް ބަލާލިއެވެ. އަދި މިޝަލް ދުރަށް ޖައްސާލިއެވެ.

“މައްސަލައެއްނެތް، ހިނގާ ދަމާ….ތައްޔާރުތަ” މީކާޢިލް ކުޑަދޮރު ކައިރިއަށް ގޮސް ބޭރުބަލާލަމުން އަހާލިއެވެ. މިޝަލް އަވަސް އަވަހަށް އާނއެކޭ ބުނެ މީކާޢިލްގެ ގާތަށް ޖެހިލިއެވެ. މީކާޢިލް މިޝަލްގެ އިސްތަށިގަނޑުގައި ޖަހާފައިވާ ދަތި ނައްޓާލިއެވެ.

“މިހާރު އަދިކިރިއާ ފުރިހަމަ މިވީ” މީކާޢިލް މިޝަލްގެ މޫނަށް ބަލާލަމުން ބުނެލިއެވެ. މިޝަލް އިސްޖަހާލީ ލަދުވެތި ގޮތަކަށެވެ.

“މިޝަލް…” މީކާޢިލް ގޮވާލުމުން މިޝަލް އިސްއުފުލާލިއިރު މީކާޢިލް ހުރީ ކުޑަދޮރުގެ ބޭރުގައެވެ. މިޝަލް ހައިރާނެއްނުވިއެވެ. އެ ހަރަކާތްތަކަކީ މީކާޢިލްގެ ފަރާތުން މިޝަލްއަށް ފެންނަ އާމުކަންތައްތަކެވެ. އޭރު މިޝަލްއަށް ބޮޑު އެއްޗެއްގައި ވައިއަޅާ އަޑުކަހަލަ އަޑެއް އިވެމުން ދިޔައެވެ. އެކަމަކު މިޝަލްއަށް އެއީ ކޮންއަޑެއްކަން އެނގުނެވެ. އެކަމާ ސުވާލެއް ނުއުފެދެއެވެ.

“ނާންނަތަ ތިހުންނަނީ….” މީކާޢިލް އޭނާގެ ދެއަތް ދިއްކޮލަމުން ބުނެލިއެވެ. މިޝަލް މަޑުމަޑުން ކުޑަދޮރުން ނުކުންނަން މަސައްކަތް ކުރިއެވެ. ކުޑަދޮރުގެ ހުޅުވިފައިވާ ބައިގެ ތިރީފަތިތައް ހުރިގޮތުން މިޝަލްއަށް އެކަން އެހާފަސޭހަ ކަމަށްނުވިއެވެ. ދެފައި ކުޑަދޮރުން ބޭރަށް ލެވުމާއެކު މީކާޢިލް އޭނާގެ އަތުގެ ތެރެއަށް މިޝަލް ލީ ކިހިނެއްކަމެއްވެސް މިޝަލްއަކަށް ނޭނގުނެވެ. ހީވީ ވިދުވަރެއް ދިޔަހެންނެވެ. މިޝަލްއަށް ދެން ފެންނަންފެށީ އޭނަ ބަލާލަން ބޭނުންވެފައިވާ ފަދަ މަންޒަރެކެވެ. ބޯގަސްތަކުގެ ތެރެއިން ފެންނަމުންދިޔަ ދޮންވެލި ތުނޑީގެ ރީތިކަން ބަޔާންކުރަންވެސް ނުކުޅެދުނެވެ. މުޅި ހިސާބަށް ރިހި ހަނދުވަރުގެ އަލި ފެތުރިފައިވެއެވެ. ހަމަހިމޭން މާހައުލެކެވެ. ކައިރިވަމުން ދިޔަވަރަކަށް ގޮނޑުދޮށަށް ބީއްސަމުން ދިޔަރާޅުގެ އަޑުއިވުނެވެ. އުޑުމަތީ ފިޔަޖަހަމުން ދިޔަ އެރީތި ހަނދުގެ ބައިވެރިންގެ ބެބުޅުންވެސް މިރޭ އިތުރުވާހާވެއެވެ. ހީވާކަހަލައެވެ. މިއީ މީކާޢިލް އާއި މިޝަލްއަށް ހާއްސަކުރެވިފައިވާ ތަނެކެވެ.

މީކާޢިލް މަޑުންމަޑުން މިޝަލް ބެހެއްޓިއެވެ. މިޝަލްއަށް އެމަޑު ދޮންވެލި ފަސްގަނޑުގެ ތެރެއަށް ދެފައިކޮންމެވެސް ވަރަކަށް ވަދެގެންދިޔަކަން އިހްސާސް ކުރެވުނެވެ. ފައިގެ އިނގިލަތުން ވެލިގަނޑާ ކުޅެލިއެވެ. އަދި މީކާޢިލްއަށް ބަލާލިއެވެ.

“ވާއު، ހާދަ ރީއްޗޭ………” މިޝަލްއަށް ބުނެލެވުނެވެ.

“އެކަމަކު މިޝަލްއާއި އަދިވެސް ހަމަހަމަކޮށްލެވޭ ވަރެއްނުވޭ…” ހިނިއައިސްފައި ހުރި މީކާޢިލް ތަޢުރީފުގެ ގޮތުން ބުނެލިއެވެ. މިޝަލް ވަށައިގެން ބަލާލިއެވެ. ބޯގަސްތަކާއި މޫދާ ނޫންތަނެއް ނުފެނެއެވެ. ޖެހެމުންދިޔަ ފިނިފިނި ވައިރޯޅިއާއިއެކު ލައިގެންހުރި ތުނިތުނި ޖެކެޓުގެ ހިމާޔަތް މިޝަލް ހޯދަން މަސައްކަތް ކުރިއެވެ. މަޑު ހިނގުމުގައި މިޝަލް ހިނގައިގަތީ ރާޅުޖަހާ ހިސާބަށް ދިއުމަށެވެ. ފަސްގަނޑުގެ މަޑުކަމާއެކު ހިނގުން އެހާ ފަސޭހަ ކަމަށްނުވެއެވެ. މީކާޢިލް އޭނަ ހުރި ފިޔަވަޅުމަތީ މަޑުކޮށްލައިގެން މިޝަލްއަށް ބަލަހައްޓައިގެން ހުއްޓެވެ. މިޝަލްގެ ވިހުރެވެމުން ދިޔަ އިސްތަށިގަނޑާއެކު އޭނާ ލާފައިމިރޭ ހުރި ހެދުމުން މީކާޢިލްގެ ހިތަށް ކުރުވީ ބަޔާން ކުރަން ދަތި އިޙްސާސްތަކެކެވެ.

ގޮނޑުދޮށަށް ބީއްސާލި ރާޅުން މިޝަލްގެ ދެފައި ތެތްމާލިއެވެ. ފިނިކަމުން ވަގުތުން ފަހަތަށް ޖެހެލެވުނެވެ. އެކަމަކު އެފިންޏަށް ހޭނޭކަށް މާގިނައިރެއް ނުނެގިއެވެ. މިޝަލް ފަސްއެނބުރި ބަލާލީ މީކާޢިލްއަށެވެ. އޭނަގެ މޫނު މައްޗަށް ވެރިވެފައިވާ ހިނިތުންވުން އިތުރުވެގެންދިޔައެވެ. ގަބޫލުކުރަން ދަތިވިޔަސް، ކިހިނެއްކަމެއް ނޭނގުނަސް އޭނައަށް ފެންނަމުން ދިޔައީ އަލިފާންގަނޑެއްކަން ޔަގީންވެއެވެ. މިޝަލް އެދިމާލަށް ހިނގައިގަތެވެ.

އަލިފާންގަނޑުގެ ކައިރިއަށް އާދެވުމާއެކު އެއީ އާދަޔާ ހިލާފު އަލިފާންގަނޑެއް ނޫންކަން އެނގެއެވެ. އަލިފާންގަނޑު އެންދުމަށް ވަށައިގެން އެކިއެއްޗެހި ޖައްސާފައި ހުއްޓެވެ. މީކާޢިލް ކުޑަކަކޫ މައްޗަށް އިނދެ އަލިފާންގަނޑަށް އެކިކަހަލަ އެއްޗެހި އަޅަމުން ދިޔައެވެ. އޭނާގެ ފައިކައިރީ ހިކިފައިވާ ގަސްގަހުގެ ގޮތްޕާއި ރުއްބުޑަށް ހިކިގެން ވެއްޓިފައި ހުންނަ އިލާފަދަ ތަކެތިހުއްޓެވެ. މިޝަލް އަލިފާންގަނޑު ކައިރީ އިށީނެވެ. އަދި މީކާޢިލްގެ މޫނަށް ބަލާލިއެވެ. އޭރު މީކާޢިލް އިނީ މިޝަލްއަށް ބަލާށެވެ. އެގޮތަށް މާގިނައިރަކު މީކާޢިލް ނީނެވެ. އޭނާ ތެދުވެގެން މޫދާ ދިމާލަށް ހިނގައިގަތެވެ. ފަސްވަރަކަށް ފިޔަވަޅު އެޅުމާއެކު ހުއްޓުނެވެ. ފަހަތަށް ބަލާލީ މިޝަލްއަށެވެ. އޭރު މިޝަލް އިނީ މީކާޢިލްއަށް ބަލަހައްޓައިގެންނެވެ. މީކާޢިލް އެއްއަތް ދިއްކޮށްލީ މިޝަލްގެ ގާތުގައި އަންނާށޭ ބުނާފަދަ ގޮތަކަށެވެ.

މިޝަލް ދުއްވައިގަތީ އެއަތުގައި ހިފުމަށެވެ. މީކާޢިލް މިޝަލް އޭނަގެ އަތުގެ ތެރެއަށް ލާ ބާރުކޮށްލިއެވެ. އަދި އެރީތި މޫނުގައި ބޮސްދޭންފެށިއެވެ.

“އަހަންނާ ދުވަހަކުވެސް ވަކިނުވައްޗޭ” މީކާޢިލް މަޑުންމަޑުން ބުނަމުން ދިޔައެވެ. މިޝަލްއަށް އެއްޗެއް ބުނެވޭގޮތެއް ނުވިއެވެ. މީކާޢިލްގެ އަތުގެ ތެރެއަށް އެހަށިގަނޑު ދޫވަމުން ދާކަމުގެ އިހްސާސް ކުރެވެން ފެށިއެވެ. ހިތުގެ ހިނގުން އަވަސްވެ ނޭވާ ކުރުވާންފެށިއެވެ. މިޝަލްއަށް އެވަގުތު އޭނަގެ ސިކުނޑިއަށް ބާރު ނުފޯރުވައިފިއްޔާ ދެން ވާނެގޮތްވެސް އެނގެއެވެ. އެކަމަކު މިޝަލް އަދި އެހެންވާކަށް ބޭނުމެއް ނޫނެވެ. އެހެންވެ މީކާޢިލްގެ މޭގައި އަތްޖައްސާލުމަށްފަހު ދުރަށް ކޮއްޕާލިއެވެ. މީކާޢިލް ހިނިއައިސްފައި ދުރަށްޖެހިލި ވަގުތު މިޝަލް ދުއްވައިގަތެވެ.

ހެމުން ހެމުން މިޝަލް ދުއްވައިގަތީ މީކާޢިލްގެ އަތުގައި ނުޖެހުމަށެވެ. އޭރު ދެޒުވާނުންގެ ތުންފަތަށް ވެރިވެފައިވާ ހިނިތުންވުމުގައި ލާނެތްކަމެއް އެކުލެވިގެންވިއެވެ. އަދި ބަލާލާ ކޮންމެ ބަލާލުމަކުން އެތަކެއް ވާހަކައެއް ބުނާކަހަލައެވެ. މީކާޢިލްވެސް ދުއްވައިގަތީ މިޝަލްގެ ފަހަތުންނެވެ.

“އަހަރެންގެ އަތުގައި ނުޖެހި މިޝަލްއަށް ހުރެވޭނެތަ” ކުއްލިއަކަށް މިޝަލްގެ ކުރިމައްޗަށް ހުއްޓެމުން މީކާޢިލް ބުންޏެވެ.

“ތީ ޗީޓިންގ، މީކާޢިލް ތިގޮތަށް ޗީޓުކޮށްގެން އަހަންނާ އެއްވަރަށް ދުވެވޭނީ….ހަހަހަހަހާ” މިޝަލް މޫދާ ދިމާލަށް ދުއްވައިގަންނަމުން ކުރިއަށްވުރެ ބާރަށް ހޭންފެށިއެވެ. މުޅި ފަޒާއަށް މީކާޢިލްއާ މިޝަލްގެ ހުނުމުގެ އަޑު ފެތުރިގެން ދިޔައެވެ. މީކާޢިލް މިފަހަރު ދުއްވައިގަތީ އާދައިގެ އިންސާނަކު ދުވާފަދަ ގޮތަށެވެ. އޭނާއަށް އެކަން އެހާ ފަސޭހަކަމަށް ނުވިއެވެ. މިޝަލް ބުނީ ތެދެކެވެ. މީކާޢިލް އެގޮތަށް ދުވަންޏާ އޭނައަށް މިޝަލްއެއް އަތެއް ނުލެވޭނެއެވެ. އޭނައަކީ އެގޮތަށް އުޅެން އާދެވެފައިވާ މީހެއްނޫނެވެ. ކޮންމެ ގޮތެއްވިޔަސް ޖިންނިއެއް އިންސާނަކަށް ވާނީ ކިހިނެއްހެއްޔެވެ.

ވެލިގަނޑުގައި ބީއްސަމުން ދިޔަ ރާޅުތަކުގެ ތެރެއަށް ދުވަމުންގޮސް މިޝަލް އެރުނެވެ. ކުޑަކަޅުވާޔާ ހަމަޔަށް މޫދަށް އެރެވުމާއިއެކު ދެއަތުން ލޮނުގަނޑުގައި ބަޑިތަޅައިގަތެވެ. މިޝަލްއަށްވުރެ ފަހުން އާދެވުނު މީކާޢިލްގެ ގަޔަށް ލޮނުތައް ދެއަތުން ވިއްސަން ފެށިއެވެ. މީކާޢިލް ތެތްމާލުމަށެވެ. މީކާޢިލް އޭނާގެ މޫނުމައްޗަށް އަތްހުރަސް ކޮށްލީ އޭނާގެ މޫނާ ދިމާލަށްއަންނަމުންދިޔަ ލޮނުތަކުން ސަލާމަތް ވުމަށެވެ. އޭރު އޭނާގެ ޓީޝާޓުގެ އެއްބައި ތެމިފޯވެއްޖެއެވެ. މަޑުންމަޑުން ކުރިއަށްޖެހެމުން އައިސް މީކާޢިލްވެސް މޫދަށް އެރުނީ މިޝަލްގެ އަތުގައި ހިފުމަށެވެ.

“މިޝަލް….މިޝަލް…” މީކާޢިލްގެ ދެތުންފަތުން ނުކުންނަމުން ދިޔައީ ހަމައެކަނި އެންމެ ނަމެކެވެ. މިޝަލް މޫދުގެ ލޮނުގަނޑު ތެރޭވެސް ދުވަން މަސައްކަތް ކުރިއެވެ. މީކާޢިލްގެ އަތުގައި ނުޖެހުމަށެވެ. މީކާޢިލް ދެފަހަރަކު އެއްލި އަތުގައި މިޝަލްލައިގެން ހުރި ތުނިތުނި ޖެކެޓުޖެހުނެވެ. އެއާއެކު މިޝަލް އޭނާގެ ޖެކެޓު މީކާޢިލްގެ އަތުގެ ތެރެއަށް ދޫކޮށްލަމުން މީކާޢިލް ކޮއްޕާލީ މޫދުގެ ލޮނުގަނޑުގެ ތެރެއަށެވެ. ނުވިސްނާ ހުރި މީކާޢިލް އޭނާގެއަތުގެ ތެރެއަށްއައި މިޝަލްގެ އެ ޖެކެޓާއިއެކު މޫދުގެ ތެރެއަށް ވެއްޓިގެންދިޔައެވެ.

ލޮނުގަނޑުގެ ތެރެއަށް މީކާޢިލްގޮސް ޖެހުމާއިއެކު ބުރައިގެން ދިޔަލޮނުތަކާއި އެކު މިޝަލްގެ އެއްފަރާތް އެއްކޮށް ކަހަލަ ގޮތަކަށް ތެމުނެވެ. ނަމަވެސް އެކަމަކަށް ސަމާލުކަމެއް އޭނާ ނުދެއެވެ. މީކާޢިލް އާއިއެކު އުފާވެރި ހިތްހަމަޖެހޭ ވަގުތުކޮޅެއް ހޭދަކޮށްލަން އޭނަހުރީ ނުހަނު ބޭނުންވެފައެވެ. ވެދާނެ ފިންޏާ ކަރުވާނެ ހީ އާއިމެދު އެއްވެސް ފަރުވާލެއް ނެތެވެ. މިޝަލް އާއި މީކާޢިލްގެ ހުނުމުގެ އަޑުގަދަވިއެވެ. އެދެމެދުގައި ކުރެވެމުންދިޔަ ލާނެތް ސަމާސާތަކުގެ ފޯރި ގަދަވެފައި ވެއެވެ.

ލޮނުގަނޑުގެ ތެރެއަށް ވެއްޓިގެންދިޔަ މީކާޢިލް އެއްކޮށް ތެމުނެވެ. އެހެނަސް ހަމަގޮސް ޖެހުމާއިއެކު ވަގުތުން ތެދުވިއެވެ. ދެއަތަށް މީހާ ތެޅިލީ ފެންތަށްފޮޅާ ލުމަށެވެ.

“މިފަހަރު މިޝަލްވެސް ތެތްމާލާނަން، ދުވާނެ ކަމެއްނެތް…..ހަމަ ތެތްމާލާނަން” މީކާޢިލް އޭނައާއި ދުރަށް މޫދުގެ ތެރެއިން ދުވަމުން އެއްގަމަށްއެރި މިޝަލްއަށް ބުނެލިއެވެ.

“ނުވާނެ……ނުވާނެ، ނޯ ޗާންސް، މީކާޢިލްއަށް އަހަރެން އަތުލެވިގެނެއްނު ތެތްމާލެވޭނީ” މިޝަލް ހެމުން ހެމުން މަޑުފަސްގަނޑުގެ ތެރޭ ދުއްވައިގަތެވެ.

ލައިގެން ހުރި ކުރުނައިޓީ ކޮޅާއިއެކު ދުވުން މިޝަލްއަށް ފަސޭހަވެގެންދިޔައެވެ. އެހެންވެ ހަލުވިކަމާއިއެކު ދުވަމުންދިޔައެވެ. މިޝަލް ކުއްލިއަކަށް ފަހަތަށް ބަލާލީ އާދަޔާހިލާފު ބާރު އަޑެއްއިވުމުންނެވެ. މީކާޢިލް އޭރު މޫދުން އަރައިގެން އަންނަނީއެވެ. ހެމުންހެމުންނެވެ. މިޝަލްއަށް އިވުނީ ކޮންއަޑެއްކަމެއް ނޭނގުނެވެ. އެއަޑުއިވި ސިކުންތުކޮޅެއްގެ ތެރޭ އެވެހެންފެށީ ވާރޭއެވެ. ތަންކޮޅެއް ބޮޑެތި ތިކިތަކާއިއެކު ވެހެމުންދިޔަވާރޭ މިޝަލްގެ ހަށިގަނޑު ތެތްމަމުންދިޔައެވެ. އުޑުމައްޗަށް މިޝަލް ބަލާލިއެވެ. އެރީތި ހަނދުގެ އަލިކަމަށް އެއްވެސް ފަނޑުކަމެއް ނާދެއެވެ. މިޝަލްގެ މޫނުގައި ވެހެމުންދިޔަ އާދަޔާ ހިލާފު ވާރޭގެ ތިކިތަށް ބޮސްދެމުންދިޔައެވެ. ތެމެމުންދިޔަ ތުންފަތުގައި ދޫހާކާލެވުނީ ކީއްވެކަމެއްނޭނގެއެވެ. މިޝަލްއަށް އޭނާގެ ދުލުކުރީގައިލީ ލޮނުރަހައެވެ. އެހެންވެ އަތްތިލަ މައްޗަށް ދިއްކޮއްލީ އަތްގޮށި ތެރެއަށް ފެންޖަމާވާނެކަން އެނގޭތީއެވެ. މިޝަލް އޭނާގެ އަތަށް އެޅުނު ވާރޭގެ ފެންފޮދުގައި ދޫޖައްސާލީ ޔަގީންކުރާށެވެ. އޭނައަށް ހީވީ ހަމަރަގަޅަށެވެ. ވެހެމުން ދަނީ ވާރޭއެއް ނޫނެވެ. އެއީ ހަމަ މޫދު ލޮނެވެ. މީކާޢިލް ބުނިފަދައިން އޭނަ މިޝަލް ތެތްމާލީއެވެ.

މޫދުން އަރައިގެން އައި މީކާޢިލްހުރީ ހިނިއައިސްފައެވެ. މިޝަލް މީކާޢިލްއަށް ބަލާލަމުން ހީނލިއެވެ.

“ސީރިއަސްކޮށް މީ….މީތަ މީކާޢިލްއަށް އަހަރެން ތެތްމާލެވެން އޮތްގޮތަކީ” ހެމުންހެމުން ދެއަތް މައްޗަށް ދިއްކޮއްލައިގެން ހުރި މިޝަލް ބުނެލިއެވެ.

ވެހެމުންދިޔަ ލޮނުތިކީގެ ވާރޭގެ ތެރޭ މިޝަލްގެ ހަށިގަނޑަށް ވަރަށް ފިނިވާންފެށިއެވެ. މިޝަލްގެ ކުރިމަތިން ތިންފޫޓު ވަރަކަށް ދުރުން އަލިފާންގަނޑާ ދިމާލަށް ހިނގަމުން ދިޔަ މީކާޢިލް އޭނާގެ ޓީޝާޓު ބާލާލިއެވެ. އަދި އަލިފާންގަނޑު ކައިރީ މިޝަލްގެ ޖެކެޓާއެކީ ފަތުރާލިއެވެ.

ތެމިފޯވަމުންދިޔަ މިޝަލްގެ ގައިގާ ބީހެމުންދިޔަ އާދަޔާ ހިލާފު ވައިރޯޅިއާއިއެކު ހަށިގަނޑު ތުރުތުރު އަޅާލިއެވެ. އިޙްތިޔާރަކާއިނުލާ ދެއަތްގެނެސް މޭގައި ޖޯޑުކޮށްލެވުނީ ފިނިންސަލާމަތްވުމަށެވެ. އަނދަމުން ދިޔަ އަލިފާންގަނޑުގެ ހޫނު ލިބޭ ހިސާބަށް ދިއުމަށް މިޝަލްގެ ހިތާ ސިކުނޑިއެދެމުންދިޔައެވެ. އެކަމަކު އޭނަހުރީ ހައިރާންވެފައެވެ. ވެހެމުން ދިޔަ ވާރޭއެއްގެ އަސަރެއް ރޯކޮށްފައިވާ އަލިފާންގަނޑަކަށް ނުކުރެއެވެ. މީކާޢިލްގޮސް ހުއްޓިލުމުން އެއަލިފާންގަނޑުގެ ހުޅުގަނޑު ވަކިން ބޮޑުވިހެންވެސް ހީވިއެވެ.

ފަނަރަވަރަކަށް މިނެޓަށް ދިގުލައިގެން ދިޔަ އާދަޔާހިލާފު އެވާރޭ ހުއްޓާލިއެވެ. އޭރު މިޝަލް އެކީ ތެމި ފޯވެއްޖެއެވެ. ތެމިފައިވާ ފައިތިލާގައި ހަރުލަމުންދިޔަ ކުދިކުދި ވެލިފުއްތަކާއިއެކު ބަރުފިޔަވަޅުތަކެއް އަޅަމުން މަޑުމަޑުން މިޝަލް މީކާޢިލް އާއި ދިމާލަށް އަންނަން ފެށިއެވެ. ކައިރިވަމުން ދިޔަވަރަކަށް ޖަހާފައިވާ އަލިފާންގަނޑުން ބުރައިގެންދާ ގިނިކޮޅުތަކުގެ ތެރޭ މީކާޢިލްގެ ހަށިގަނޑަށް މަޑުއޮރެންޖުކުލައެއް އަރާފައިހުއްޓެވެ. އެރީތި ރިހި ހަނދުވަރުގެ އަލީގައި މީކާޢިލް މިޝަލްއަށް ބަލަހައްޓައިގެން ހުރިގޮތުން މިޝަލްގެ ހިއްސުތަކާއި ކުޅެލިހެން ހީވިއެވެ.

ހަތަރުވަރަކަށް ފިޔަވަޅު ހުންނަހާ ދުރުމިނުގައި މިޝަލްމަޑުކޮށްލިއެވެ. މިޝަލްއަށް ހަމަބެލެނީ މީކާޢިލްއަށެވެ. އޭރު ހަމަރަނގަޅަށްވެސް މިޝަލް ހީކަރުވަން ފަށައިފިއެވެ. ތިރީތުންފަތާއިއެކު ކަތުރު ކަށިގަނޑުވެސް ހީވަނީ ގުޑާފާނެހެންނެވެ. ދެދަތްފިލާ ޖެހޭއަޑު އިރުއިރުކޮޅާ އިވެމުންދިޔައެވެ. ނަމަވެސް މިޝަލް ބޭނުންވަނީ މީކާޢިލްއަށް ހިތްފުރެންދެން ބަލާލާށެވެ. އެހާ ފުރިހަމަ ފިރިހެނެއް މިޝަލް ދުވަހަކުވެސް ދެކެފައިނުވާތީއެވެ. މީކާޢިލްގެ ތެމިފައިވާ އިސްތަށިގަނޑުން ފައިބަމުން ދިޔަ ފެންތިކިތަށް އޭނާގެ މެއިން ލާފައި ތިރިއަށް ދާއިރު ހީވަނީ ފައިބައިގެން ދަނީ ކުދިކުދި މުތީތަކެއްހެންނެވެ. އެހަށިގަނޑު އެގޮތަށް އެހާ ފާޅުކަންބޮޑުކޮށް މިޝަލްއަށް ފެނިފައިވީ އެންމެ ފަހަރަކުއެވެ. އެރެއަކީވެސް މިފަދަ ރެއެކެވެ. އެކަމަކު އެރޭގެ ވާރޭވީ ހަގީގަތަކަށެވެ.

މީކާޢިލް އަލިފާންގަނޑުގެ ހޫނުން ދެއަތް ހޫނުކޮށްލިއެވެ. އަދި މިޝަލްގެ ގާތަށް ޖެހިލަމުން އޭނަގެ ކޯތާފަތުގައި ދެއަތްޖައްސާލިއެވެ. މިޝަލްއަށް އެދެއަތުގައި އަތްލުމާއިއެކު ބާރުކޮށްލެވުނެވެ. މީކާޢިލް މިޝަލް ގެނެސް އެއަތުތެރެއަށް ލިއެވެ. “މިހާރު ތިހިރީ ކޮންތާކު؟ އަހަރެންގެ އަތުގެ ތެރެއަށް ތިއައީ މިޝަލް އަމިއްލައަށް” މީކާޢިލް މިޝަލްގެ އިސްތަށިގަނޑުގައި ބޮސްދެމުން ބުނެލިއެވެ.

“މީކާޢިލް ޗީޓުކުރީ އެންނު، އެކަމަކުވެސް ހެޔޮދެން، މީކާޢިލް މޮޅުވީ އޯކޭ އެއްނު ދޯ….ދެން އަހަރެން މިހިން އިނަ ދީބަލަ” މިޝަލް ދެއަތުން މީކާޢިލްގެ އުނަގަނޑުގައި ހިފާބާރުކޮށްލަމުން ބުނެލިއެވެ. މީކާޢިލްގެ ހަށިގަނޑުން މިޝަލްއަށް އިހްސާސް ކުރެވެމުންދިޔަ ހޫނުކަން ލިބިގަތުމަށް މިޝަލްގެ ހިތްގޮވަނީއެވެ. މަޑުމަޑުން މީކާޢިލްގެ މޭގައި މިޝަލް ބޮސްދެންފެށިއެވެ. އެއާއެކު މީކާޢިލްގެ ބީހުންތައް މިޝަލްއަށް އިޙްސާސް ކުރެވެންފެށިއެވެ. މިޝަލްގެ ތުރުތުރުލަމުން ދިޔަ ދުންފަތަށް ހޫނުނޭވާ އެޅެމުންދިޔައެވެ. މީކާޢިލް މިޝަލްގެ ހަށިގަނޑުގައި ބޮސްދެމުން ދިޔައެވެ. މީކާޢިލް ކުއްލިއަކަށް މިޝަލް އުފުލާލިއެވެ. އެއާއެކު މިޝަލް މީކާޢިލްގެ އުނަގަނޑުގައި ދެފައިއަޅުވާލިއެވެ. ކުޑަކުއްޖެއް ފަދައިން މީކާޢިލް މިޝަލް އުރާލީއެވެ. މިޝަލް މީކާޢިލްގެ ކަނދުރާގައި މޫނު ފޮރުވާލައިގެން އޮތެވެ. މަޑުހިނގުމުގައި މީކާޢިލް ދިޔައީ މޫދުކައިރިއަށެވެ.

މީކާޢިލް މިޝަލް ގޮވައިގެން އެރުނީ މޫދަށެވެ. ލޮނުގަނޑުގެ ފިނިކަން މިޝަލްގެ ހާމަވެފައިވާ ހަށިގަނޑުގައި ޖެހެމުން ވަކިން ބޮޑަށް މީކާޢިލްގެ ގައިގާ ހިފަހައްޓާލެވުނެވެ. ދެހަށިގަނޑުގައިވެސް ވަނީ އެދުންވެރިކަމުގެ ހުޅުރޯވެފައެވެ. ހުރަހެއްނެތި ޖެހެމުންދިޔަ ދެހަށިގަނޑުގެ ކޮންމެބީހުމަކީ އަނދަމުންދިޔަ އަލިފާނަށް ފެޓްރޯލު އެޅުންފަދަ ކަމަކަށް ވެގެން ދިޔައެވެ. ދެހަށިގަނޑުވަނީ ލާމެހިފައެވެ. ދެހިތުގައި ޖަހަމުންދިޔައީ އެއްވިންދެކެވެ.

ކުއްލިއަކަށް މީކާޢިލްގެ ދެވަރަ ހުޅުވިގެން ދިއުމާއެކު މައްޗަށް އަރައިގެންދިޔައީ އެއަތުގެ ތެރޭ މިޝަލް ފޮރުވައިލައިގެން ހުރެއެވެ. މިޝަލް ސިހިފައި މީކާޢިލްގެ ކަނދުރާގައި ދެއަތްއަޅުވާލެވުނެވެ. މިރޭ މިޝަލްއަށް ލިބެމުން، އިހްސާސް ކުރެވެމުން ދިޔަ އަރާމާއި ލައްޒަތަކީ މީގެ ކުރިން ދުވަހަކުވެސް އިޙްސާސްކުރެވުނު އާރާމާއި ލައްޒަތެއްނޫނެވެ. މީކާޢިލްގެ އަތުގެ ތެރޭ މިޝަލް ގެންގުޅެލާއިރު ހީވަނީ އެއީ ލުއިލުއި ފަތްކޮޅެއްހެންނެވެ. މީކާޢިލްގެ އެރީތި ބޮޑު ވަރައިގައި ވައިއަޅާ އަޑުއިވެމުން ދިޔައެވެ. މިޝަލްގެ ދެލޯވަނީމެރިފައެވެ.

މިޝަލްއަށް އޭނަގެ ބުރަކަށި ވެލިގަނޑުގައި ޖެހުނުހެން ހީވިއެވެ. އެއާއެކު ލޯހުޅުވާލިއެވެ. އޭނައަށް ހީވީ ރަގަޅަށެވެ. މިޝަލްއަށް އޮވެވުނީ މީކާޢިލް ރޯކުރި އަލިފާންގަނޑު ކައިރީއެވެ. އަލިފާންގަނޑު އެޅެމުންދިޔަ އަލީގައި މީކާޢިލްގެ ފެތުރިފައިވާ ބޮޑު ވަރައިގެ ހިޔަނި ދޮންވެލިގަނޑަށް އެޅެމުންދިޔައެވެ. އެމަންޒަރު މިވަގުތު ފެންނަމީހެއްގެ ހިތަށް ބިރުވެރިކަން ވަދެގެން ދާނެކަން ކަޝަވަރެވެ. އެކަމަކު މިޝަލްގެ ހިތުގައި އެމަޙުލޫގަށް ލޯބި ނޫންއެއްޗެއް ނުވެއެވެ. މިޝަލްގެ ހިތަކީ މީކާޢިލްގެ އެއްޗެކެވެ. އެހަށިގަނޑުގެ މީރުކަން ލިބިގަތުމުގެ ހައްޤުވެސް ހަމައެކަނި އޭނަ ދޭނެ މީހަކީވެސް މީކާޢިލްއެވެ. މީކާޢިލްގެ ހަށިގަނޑުން ފާޅުވަމުންދިޔަ ފެންތިކިތަށް މިޝަލްގެ ހަށިގަނޑުގައި ބޮސްދެމުންދިޔައެވެ. މީކާޢިލްގެ އެރީތި ދެތުންފަތުން އިރުއިރުކޮޅާ މިޝަލްގެ ނަންކިޔާލައެވެ. އެކަމުގެ ސަބަބުން މިޝަލްގެ ހިތަށް ލިބޭ އުފަލާ ހިތްހަމަޖެހުން އޭނައަށްވެސް ބަޔާންކުރަން އުނދަގުލެވެ.

މީކާޢިލްއަށް ތަންކޮޅެއް ބާރަށް މިޝަލްގެ ނަންކިޔާލެވުނެވެ. އޭރު ދެމީހުންގެ ނޭވާ ކޮޅުންލަނީއެވެ. މިޝަލް ލޯހުޅުވާލުމަށްފަހު މީކާޢިލްއަށް ބަލާލިއެވެ. އެރީތި ފެހިވާދީއެއްފަދަ ފުންދެލޯ ވަނީ ދިއްލާލާފައެވެ. ދެވަރަހުޅުވާލާފައި ހުރިގޮތުން ހީވަނީ ދެންމެ ދެންމެ އުދުއްސައިގަނެދާނެހެންނެވެ. މީކާޢިލް އޭނަގެ މޭގައި މިޝަލް ޖައްސާލިއަތުގައި ބާރަށް ހިފަހައްޓާލިއެވެ. މީކާޢިލް މައްޗަށް ބަލާލުމާއެކު އޭނާގެ ތުންފަތުން އާހެއްބޭރުވެގެން ދިޔައެވެ. މިޝަލްއަށް ނޭނގިނަމަވެސް ބޭއިޙްތިޔާރުގައި ވޭނީ ގޮތަކަށް ހަޅޭލެވުނެވެ. ތެޅިގަނެވުނެވެ. އޭނަގެ އެތެރެހަށްޓަށް ކުރެވުނު އިޙްސާސުންނެވެ. މީކާޢިލް ވަގުތުން މިޝަލް އޭނަގެ މޭގައި ޖައްސާލިއެވެ. އަދި އިސްތަށިގަނޑާއި މުޅިހަށިގަނޑުގައި ފިރުމަމުން ދިޔައެވެ. މިޝަލް ހަމައަކަށް އެޅުވުމަށްޓަކައެވެ. އެއީ މީކާޢިލް މިޝަލްގެ ހަށިގަނޑުގައި ފުރަތަމަ ބީހުނުރޭވެސް މިޝަލްއަށްވީގޮތެވެ. ކުޑަހިނދުކޮޅަކަށްވިޔަސް އެއީ ވޭންދެނިވި އިހްސާސްއެކެވެ. އެތެރެ ހަށީގައި ނަގައިގަންނަ ދިލަ ހޫނުންނެވެ. ކެކިކެކި ހުންނަ ހޫނުފެންއެއްޗެއް އަމިއްލަ ގަޔަށް އޮއްސާލުމެކޭ އެއްވަރެވެ. އެއީ މީކާޢިލްގެ ދާން ފަޅުފިލުވާދޭ ލޯބިވާ ބައިވެރިއަކީ އިންސާނަކަށް ވުމުން ތަހައްމަލުކުރަން ޖެހިފައިވާ ހިތްދަތި ހަގީގަތްކަމެވެ. މީކާޢިލް މިޝަލްއާއި ގާތްވުމަށް ޖެހިލުންވާ ސަބަބުވެސް މެއެވެ. އިރުކޮޅެއްގެ ތެރޭ މިޝަލްގެ ތެޅިފޮޅުމާއި ހަށިގަނޑަށް އަރައިގަތް ބާރު މައިތިރިވިއެވެ.

“އައި ލަވް ޔޫ….މީކާޢިލް….” ވަރުބަލިވެފައިވާ އަޑަކުން މިޝަލް ބުނެލިއެވެ. މީކާއިލް މިޝަލް ބާއްވާލިއެވެ. އަދި މިޝަލްގެ ގާތުގައި ކުރުއަތްމައްޗަށް އިސްޖެހިފައި އޮތެވެ. މިޝަލް މީކާޢިލްގެ މޫނުގައި ހިފާ ހަތަރުކަޅި ހަމަކޮށްލިއެވެ. އޭނަގެ ހިތަށް ވަރަށް އަސަރުކުރިއެވެ. މީކާޢިލްގެ ދެލޯވަނީ ފެންކަޅިވެފައެވެ. އެހިނދު އޭނާ އަވަސް އަވަހަށް އަނެއްފާރާތަށް އެނބުރުނެވެ.

“އަހަރެންވެސް ވަރަށް ވަރަށް ލޯބިވޭ، ދުނިޔޭގެ އެއްވެސް ކަމަށްވުރެ ބޮޑަށް މިޝަލްއަށް އެދެވޭ، އެކަމަކު އަހަންނަށް މާފު…….” މިޝަލް މީކާޢިލްގެ މޫނު އޭނައާ ދިމާލަށް އަނބުރާލިއެވެ. އަދި ބޯދެފަރާތަށް ތަޅުވާލީ އެހެން ނުބުނުމަށް އެދިއެވެ. މީކާޢިލް މިޝަލްގެ އަތްތިލަ ގެނެސް އޭނާގެ ތުންފަތުގައި ޖައްސާލިއެވެ.

“އަހަރެން ހިތަށް އަރާ މިރޭ މިވަގުތުކޮޅު ދުވަހަކުވެސް ނިމުމަކަށް ނާންނާނެ ނަމައޭ، އަހަންނަށް މީކާޢިލް އާއި ނުލާ ދެނެއް ނޫޅެވޭނެ، މީކާޢިލް އާއި ދުރުވާންޖެހޭފަދަ ދުވަހެއް އައިސްފިނަމަ އަހަރެން މަރުވެސް ވެދާނެ، ޕްލީސް ބުނެބަލަ….ބުނެބަލަ މީކާޢިލް މުޅިއުމުރަށް އަހަރެންދެކެ ލޯބިވާނަމޭ، ދުވަހަކުވެސް އަހަންނާ ދުރުވާންޖެހޭވަރުގެ ކަމެއް ނުކުރާނަމޭ” މިޝަލްގެ އަރުބެދޭގޮތްވިއެވެ.

“ހޭ……މިޝަލް ނުރޮއްޗޭ……..ކީއްވެ ރޯންވީ، އަހަރެން މިހިރީ މުޅިއުމުރަށް ވެސް މިޝަލްއާއިއެކު ވާށޭ، އާން! އަހަރެން އަބަދުވެސް ބުނާނަން، ތީ އަހަރެންގެ ލޯތްބޭ، އަހަރެންގެ މިހިތުގައި ދިރުންހިނގާހާ ދުވަހަކު މިހިތަކުން ތިލޯތްބެއް ނުފިލާނެ، އަބަދުގެ އަބަދަށް ލޯބިވާނަން، ތީ މިހިތުގެ ސާހިލަކީ، ތިލޯތްބައްޓަކާ ކޮންމެފަދަ ޤުރުބާނެއްވާންޖެހުނަސް އެއްވެސް ޖެހިލުމެއްނެތި ވާނަން…..މިރޭގެ މިދޮންވެލި ފަސްގަނޑާ، އެމޫދާ، އޭނދަ ފުރާ ފުރިހަމަވެފައިވާ ހަނދާ އޭގެ އަލިކަން ހެކިކޮށް މިބުނީ، ތިނޫން ފަރާތެއް މިހަޔާތަށް ނާންނާނެ….އެ އެއްޗެއްސަށް ވާހަކަ ދެއްކޭނަމަ އެކަމަށް މިހާރު މިވަގުތުވެސް ހެކިވާނެކަން ޔަގީން” މީކާޢިލް މިޝަލްގެ ދެލޮލާ ތުންފަތުގައި ބޮސްދިނެވެ.

“އަހަރެން ގަބޫލުކުރަން…..ރޮވުނީ އުފަލުންގޮސް” މިޝަލް ބުނެލިއެވެ. މީކާޢިލްގެ ވާހަކަތަކުން މިޝަލްގެ ހިތްފުރުނެވެ. އޭނަގެ ހަށިގަނޑަށް އިޙްސާސް ކުރަންޖެހޭ އެވޭނީ ވަގުތުކޮޅުގެ މަތިން މިޝަލް ހަނދާނެއް ނުހުރެއެވެ. އޭނަ މީކާޢިލް އާއިއެގޮތަށް ގާތްވާން ކިތަންމެވަރަކަށްވެސް ބޭނުންވެއެވެ. މިރޭ އޭނައަށް ފެނިގެން ދިޔައީ މީކާޢިލްގެ އަސްލުސިފައެވެ. މިޝަލް މީކާޢިލްގެ ކޮނޑާދިމާލުން ފެތުރިފައިވާ ވަރައިގައި އަތްހާކާލިއެވެ. އޭނައަށް އޭގެން ދުވަނީ މިޝަލްގެ ކޮޓަރިއަށް މީކާޢިލް އައިސްފައި ދިއުމުން ދުވާ މީރުވަހެވެ.

“މީކާޢިލްއަށް ތަދުވޭތަ” މިޝަލް މީކާޢިލްއަށް ބަލާލަމުން އަހާލިއެވެ.

މީކާޢިލް އޭނާގެ ފެތުރިފައި އޮތް ވަރަ ފޮރުވާލިއެވެ. އަދި މިޝަލްގެ ސުވާލަށް ޖަވާބުދިނެވެ. އެމީހުން އުފެދުމުގައިވެސް އެވަރައަކީ ހުންނައެއްޗެއް ކަމެވެ. ހަށިގަނޑުގެ އެއްބައިކަމެވެ. ހަމައެކަނި އޭތި ފޮރުވާލާކަމެވެ. ބޭނުންވުމުން ހުޅުވާލާކަމެވެ. މިރޭގެ ހާދިސާގައި އެގޮތަށް ވަރަ ފެތުރިގެން ދިޔަ އެއީ ފުރަތަމަ ފަހަރުކަމެވެ. އެކަމުގެ ސަބަބުން ހަށިގަނޑަށް ނޭނގޭ އަރާމެއް އިހްސާސްވިކަމެވެ. މީކާޢިލް އޭނަ އާއި ބެހޭ ވަރަށް ގިނަ ވާހަކަތައް މިޝަލްއަށް ކިޔާދެމުން ދިޔައެވެ. އެމީހުން އެޅޭތަނުގައި ހުންނައެކި ކަންތައްތަކާއި އެމީހުންގެ ސަގާފަތުގެ ވާހަކަތަކެވެ. މިޝަލް އާއިއެކު އެފާވެރި ދިރިއުޅުމެއް ހޯދަން ބޭނުންވާ ވާހަކައެވެ. ދަރިއަކު ލިބެން އުޅޭތީ ވާއުފަލުގެ ވާހަކައެވެ. މީކާޢިލްގެ ދަރިފަސްކޮޅުގެ މަންމައަކަށް މިޝަލްވީކަމާއިމެދު ލިބޭ ހިތްހަމަޖެހުމާއި އެކަމަށް ޝުކުރުވެރި އޭނަ ވާވަރުގެ ވާހަކައެވެ. އެކަމަކު މިޝަލްއަށް ލިބިދާނެ ދެރައަކާއިމެދު ހިތްބިރުގަންނަ ވާހަކެއެވެ. މިޝަލްގެ ފުރާނައަށް ގެއްލުންވާފަދަ އެއްވެސް ކަމެއް ނުކުރާނަން ކަމެވެ. އެއްވެސް އުފަލަކަށްވުރެ ބޮޑަށް މިޝަލް މީކާޢިލްގެ ހަޔާތަށް މުހިއްމު ވާހަކައެވެ.

އެރޭގެ އެދޮންވެލި ތުނޑީގައި މިޝަލް އާއި މީކާޢިލް އެކަކު އަނެކަކުގެ އަތުގެ ތެރޭ އުފަލާ އަރާމު ހޯދުމުގައި ވަގުތުހޭދަކުރިއެވެ. ލޯބީގެ އެތަކެއް ބާބެއް ހުޅުވާލަމުންނެވެ. އެތަކެއް ހުވާތަކެއް ކުރަމުންނެވެ. މީކާޢިލް ޖިންނީންނަކީ ހުވައެއްކޮށްފިނަމަ އެކަމަށް މުޅިއުމުރަށްވެސް ތެދުވެރިވާނެ ބައެއްކަން މިޝަލްއަށް ޔަގީންކޮށްދެމުންނެވެ.

ދެވަނަބައި ނިމުނީ

Leave a Comment

Your email address will not be published. Required fields are marked *