Meekail [Book 2.1 – Desire]

ރީތި ދިގު ފިނޮޅުގެ ދޮންވެލިގަނޑުގައި ފައިޖެހުމުން މިޝަލް ދުއްވައިގަތީ މީކާޢިލްގެ އަތުގައި ނުޖެހުމަށެވެ. އެކަމަކު މިޝަލް ގޮސް ޖެހުނީ މީކާޢިލްގެ ގައިގައެވެ. އެއާއިއެކު މިޝަލް ހޭންފެށިއެވެ. އޭނާއަށް މިކާޢިލް އާއި އެއްވަރެއްނުވެވޭނެއެވެ. ހަނދުވަރުގެ އަލިން މުޅި ފިނޮޅު އަލިކޮށްލާފައިވެއެވެ. އެއީކިހާ ހިސާބެއްގައޮތް ފިނޮޅެއްކަމެއް މިޝަލްއަކަށް ނޭނގެއެވެ. އޭނާ މީކާޢިލް އާއި ސަމާސާ ކުރަމުން ދަނިކޮށް ކުއްލިއަކަށް ފެނުނީ މިޝަލް އާއި މީކާޢިލްހުރި ފަރާތްނޫން އަނެއްފަރާތަށް ބޮޑު އަލިގަނޑެއް އައިސް ޖެހުނުތަނެވެ. އެހިނދު އެތަން ހުޅުދާންވެގެން ދިޔައެވެ. މިޝަލް އާއިތަންކޮޅެއް ދުރުގައި ހުރި މީކާޢިލް ކުއްލިއަކަށް ގެއްލުނެވެ. އެސްފިޔަ ޖަހާލިހާ ވަގުތުތެރޭ މީކާޢިލް އައިސް ހުރީ މިޝަލްގެ ދާދި ގާތުގައެވެ. އޭނާ މަޑުން މަޑުން މިޝަލްގެ ކޮނޑުގައި ހިފާ ވަކިން ގާތްކޮށްލިއެވެ. ރައްކާތެރިކުރުމުގެ ގޮތުންނެވެ. އެއަލިގަނޑު އެމީހުންނާ ދިމާލަށް އަންނަހެން މިޝަލްއަށް ހީވިއެވެ. އަދި އެ އަލިގަނޑުން އިންސާނެއްގެ ހިޔަންޏެއްފަދަ ސޫރައެއް ފެންނަހެން ހީވިއެވެ. މީކާޢިލް ވަގުތުން އޭނަގެ މޭގައި މިޝަލް ޖައްސާ ބާރުކޮއްލަމުން މައްޗަށް އުދުއްސައިގަތީ ވިދުވަރެއްހެންނެވެ.

އުދުހިފައި ދިޔަ ވާ ދިޔައީ ހަފްސާގެ ބޯމަތިންނެވެ. މައްޗަށް ބަލާލުމަށްފަހު ގެއަށްވަނެވެ. ދެހަފްތާވަންދެން ދުރުގައި އުޅެންޖެހުނު ހަފްސާ ހުރީ މިޝަލް ދެކިލާހިތުން ކެތްމަދުވެފައެވެ. އެކަމަކު އޭނާއަށް ފެނުނީ ވަރަށް ތަފާތު މިޝަލްއެކެވެ. އާވާރާވެ މޮޔަވާން ކައިރިވެފައިވާ މިޝަލްއެކެވެ. މިޝަލްގެ ކޮޓަރިން އިވެމުންދަނީ އެކިކަހަލަގެ ލޯބީގެ ލަވަތަކެވެ. ސާޝާގެ ވާހަކައިން މިޝަލް ފަހަކަށްއައިސް ހުންނަނީ ކޮންމެވެސް ޚިޔާލީ ދުނިޔެއެއްގައިކަން އެނގުނެވެ.  ހަފްސާއަށް އޭނަގެ ދަރިފުޅު ބޮޑުވެއްޖެ ކަމުގެ އިހްސާސް ކުރެވިގެންދިޔައެވެ. މިޝަލް ވަރަށް ގިނައިން ރޭގަނޑު ބޭރަށް ދާކަންވެސް ސާޝާގެ ފަރާތުން އެނގުނެވެ. އަދި ކޮންމެ ހުކުރުވިލޭރޭ ކޮޓަރީގައި ވަރަށް ދަންވަންދެން އެމީހަކާ ވާހަކަދައްކަން އޮންނަކަން ސާޝާ ބުނެއެވެ. މިޝަލްގެ ހިތްގެންގޮސްގެން އެއުޅެނީ ކާކުތޯ ބެލުމުގެ ޝައުގުވެރިކަން ހަފްސާގެ ހިތުގައި އުފެދިގެންދިޔައެވެ. އަދި ހިތާ ސިކުނޑީގައި އުފެދެމުންދިޔަ ޚިޔާލުތަކުން އަމިއްލައަށް ހިނިތުންވެލިއެވެ.

ހަވީރުގެ ވަގުތެވެ. މިޝަލް އޮތީކޮޓަރީގައެވެ. ސާޝާ ކޮޓަރީގައި ޓަކިޖަހާލަމުން ހުޅުވިއެވެ.

“ޝެބީ ޓީ އިސް ރެޑީ…” ސާޝާ ސައިހަދާފައިވާ ވާހަކަ ބުނެލިއެވެ.

މިޝަލް ސައިބޯން ނުކުތްއިރު ހަފްސާ މޭޒުކައިރީ އިންތަންފެނި ނިކަންބޮޑަށް ހިނިތުންވެލީ މަންމަ ފެނުމުން ލިބުނު އުފާވެރިކަން އިތުރުވެގެންނެވެ.

“ޝެބީ، އަވަހަށް އާދޭ ސައިބޯން…” ހަފްސާ މިޝަލްއަށް ވަރަށް ރަނގަޅަށް ބަލާލިއެވެ. މިޝަލް އަވަހަށް އައިސް ހަފްސާ ގާތު ސައިބޯން އިށީނެވެ.

“މަންމާ، ކޮންއިރަކު އައީ؟ އަޅުގަނޑު ހެނދުނު ގުޅީމަ ނުވެސް ބުނަމެންނު” މިޝަލް ބުނެލިއެވެ.

“އާން! މަންމަ ހަމަ ޝެބީއަށް ސަޕްރައިޒެއް ދޭންވެގެން ނުބުނީ” ހަފްސާ ހެމުން ބުނެލިއެވެ.

“މަންމައަށް ހާދަ ހީވެޔޭ މިޝަލްއަށް ބަދަލުތަކެއް އައިސްގެން އުޅޭހެން” މިޝަލް ސައިޖޯޑުން އެދި ފޮދެއް ބޯލަން ތުންފަތް ޖޯޑުގައި ޖައްސާލިތަނާ ހަފްސާ ބުނެލިއެވެ. ވަގުތުން މިޝަލް އަށް ސައިޖޯޑާއި ދުރަށް ޖެހިލެވުނެވެ.

“ކިހިނެއްވީ މަންމާ؟ ކީއްވެ ތިހެންތިބުނީ؟” މިޝަލް ނޭނގޭ ކަމަށް ހެދިއެވެ.

“ދެން ބުނެބަލަ މަންމަ ގާތު” ހަފްސާ ވެސް އެހާފަސޭހައިން ދޫކޮށްލާކަށް ބޭނުމެއް ނުވިއެވެ. މިޝަލްގެ ފަރާތުން އެއީ ކާކުކަން އޮޅުން ފިލުވަން ބޭނުންވިއެވެ.

“ކޮން ވާހަކައެއްތަ މަންމަ ގާތު ބުނަންވީ” މިޝަލް ރަކި ގޮތަކަށް އިސްޖަހާލާފައި ބުނެލިއެވެ.

“އެއީ ކޮންކުއްޖެތަ؟ މަންމަގެ ޝެބީއަށް އެހާ ހާއްސަވީ ކޮންކުއްޖެއްތަ؟، ދެން މަންމަ ގާތު ވެސް ބުނެބަލަ” ހަފްސާގެ ވާހަކަތަކުން މިޝަލްގެ މޫނު ރަތްވަމުން ދިޔައެވެ.

“ކޮންނަމެއްތަ ކިޔަނީ، އިހަށް ނަންބުނެލެވިދާނެ އެންނު” ހަފްސާ އަނެއްކާވެސް އަހާލިއެވެ.

“މީ…މީ…މީކާ…..މީކާޢިލް………” މިޝަލް ގެ އަޑުނުކުތީ ވަރަށް އުނދަގުލުންނެވެ.

“ކޮންއިރަކުން މަންމައާ ބައްދަލުކުރުވާނީ” ހަފްސާއަށް މިޝަލްގެ ރަތްވަމުން ދިޔަމޫނު ފެނުނެއްކަމަކު ސުވާލުކުރުން ހުއްޓައެއްނުލިއެވެ.

“ދެން މަންމާ ޕްލީސް، އަދި މީޓުކޮށްދޭނަމޭ، އެކަމަކު އަދި ފަހުން” މިޝަލް އިސްދަށަށް ޖަހާލައިގެން އިނދެ ވާހަކަދެއްކިއެވެ. އެއާއިއެކު ހަފްސާ ވެސް ސުވާލުކުރުން ހުއްޓާލިއެވެ.

އަވަސް އަވަހަށް ސައިބޯލައިގެން މިޝަލްބެލީ ކޮޓަރިއަށް ވަދެވޭތޯއެވެ. ހަފްސާގެ ސުވާލުތަކަށް އިތުރަށް ޖަވާބު ދެވެންނެތީމައެވެ. މިޝަލްނޫން އެހެން މީހަކަށް މީކާޢިލްގެ ޙާއްޞަކަމާ މުހިއްމުކަމެއް ނުފެންނާނެއެވެ. އެހެންމީހުންނަށް މީކާޢިލްއަކީ ޖިންނިއެއްކަން އެނގޭ ހިނދު އޭނަދެކެ ބިރުގަންނާނެއެވެ. އަދި އެދުވަހަކުން މިޝަލް އާއި އޭނަ ދުރުކުރުވާނެއެވެ. މިޝަލްއަށް މިހުރިހާ ކަމެއް އެނގޭތީ އެކަކަށްވެސް ހަޤީގަތް ހާމަކުރަން ބޭނުންނުވަނީއެވެ. މީކާޢިލް އާއި ދުރުވާން ޖެހޭދުވަހަކުން އޭނަ މަރުވެސް ވެދާނެއެވެ. އެހެނީ އޭނައަށް މީކާޢިލް އާއި ނުލާ ނޫޅެވޭނެތީއެވެ.

މިޝަލް ރޭގަނޑު ޑިއުޓީ ނަގަން ޖެހުނަސް ހިތްއަވަސްވެ ކަންބޮޑުވާގޮތެއް މިހާރަކުނުވެއެވެ. މިޝަލްއަކީ މިހާރު ޑިއުޓީ އިންޗާރޖެކެވެ. މިޝަލް ޑިއުޓީ ނިމުމުން ގެއަށް އަންނަނީ އަލައިނާ އާއިއެކުއެއްނޫނެވެ. އަލައިނާ އެކަމާ ޝަކުވާއެއް ނުކުރެއެވެ. އެއީ އޭނާއަށްވެސް ރެހާންއާ ހިތްހަމަޖެހިގެން ބައްދަލު ކޮށްލެވެނީ އެވަގުތުކަމަށް ވާތީއެވެ. މިޝަލް ގެއަށް އަންނައިރުވެސް ދާއިރުވެސް މިޝަލްގެ ކައިރިން މީކާޢިލް އާދެއެވެ. އެކަމަކު އޭނަ ފެންނަނީ ހަމައެކަނި މިޝަލްއަށެވެ.

“ސާބަސް ޝެބީ، އެންމެ ދުވަހަކު ލަވައެއްއަޑުއިވޭއިރަށް އެލަވަ ޚާއްޞާވެއްޖެ ދޯ، ފޯނުގަވެސް މިހާރު މިލަވަ، އައިޕޮޑް ގަވެސް މިލަވަ، ތިހިރީހަމަރަގަޅަށްވެސް މޮޔަވެފައި” ކޮޓަރީގައި އޮތް މިޝަލް ސިއްސައިގެން ދިޔައީ އަލައިނާގެ އަޑަށެވެ.

“ހިތް ދެވިއްޖޭ ކަލާޔަށް ހުވާ،

ތީ ފުރާނައިގެ ދިރުމޭ މަގޭ ލޯބިވާ…

ވިންދުގާވެސް ތިލޯތްބޭ ވަނީ ހަމަހުވާ،

މަސްތުވެއްޖޭ ކަލާފެނި ހުވާ،

ތިޔަ ހަނދާންތަކުގައޭ ނިމިދަނީ ރޭދުވާ…..

ވިންދުގާވެސް ތި ލޯތްބޭ ވަނީ ހަމަހުވާ.

ހިތް މި އުފަލުން ނަޝައޭ ، އަންނަހިނދުގާ ކަލާ،

ފެންނަ ހުވަފެންތަކުގެ އަސްލަކީވެސް ކަލާ،

ރަތްވިލާތައް މެ ހެކިކޮށް ބުނަން،

ހިތްއެދޭ ސޫރައެއް ނެތް ތި ނޫނީ ހުވާ………….”

އަލައިނާ ކޮޓަރީގައި ޖަހާފައިހުރި ލަވަ ކިޔަމުން އައިސް މިޝަލްގެ އަތުގައި ހިފާ ނެގިއެވެ. އަދި މަޑުމަޑުން ލަވައިގެ ހަމަތަކަށް ފައިހަމަކުރަމުން މިޝަލްގެ އަތުގައި ހިފާ އަނބުރާލިއެވެ.

“މީހަކަށް ލޯބިވެވިއްޖެ” ހެމުން ހެމުން އަލައިނާ ބުނެލިއެވެ.

“ދެން ލީން، ޑޯންޓް ޓީސް މީ” މިޝަލް އެނދުމައްޗަށް ވެއްޓިގަތެވެ. އަދި ބާލީހުން މޫނު ފޮރުވާލިއެވެ.

“ޝެބީ، މަށަށް މީކާޢިލް ދައްކާނީ ކޮންއިރަކުންތަ؟” އަލައިނާ މިޝަލްގެ މޫނުގައި އަޅާފައިވާ ބާލިސް ނަގަމުން އަހާލިއެވެ.

“މަންމަ ވެސް މިއަދު އެހީ ތިހެން، އަނެއްކާ ލީން ވެސް، މަޑުކޮށްބަލަ! އަހަރެން ނުދައްކާކަށް ނޫޅެމޭ އަދި ދައްކާނަމޭ” މިޝަލް އަލައިނާއަށް ބަލާލަމުން ބުނެލިއެވެ.

“ތިހެންބުނީމަ މިހަނދާންވީ މަންމަ ބުނީ ޝެބީ ގާތު ބުނެބަލާށޯ މަލަކާ މަންމަގެ ހާލު ބަލާލަން ވެސް ނާންނާނަންތޯ؟ މިހާރު އެއްގޮތަކަށް ވެސް މަލަކާ މަންމަ މަތިން ހަނދާންވެސް ނުވަނީހޯ” އަލައިނާ، މަލަކާ ބުނިގޮތަކަށް ބުނެލިއެވެ.

“އަޅޭ! ތިހެންބުނީމަ މިއެނގުނީވެސް، ހާދަދުވަހެއްވެއްޖެއޭ ދޯ އަހަރެން މަލަކާ މަންމަ ގާތަށް ނުދާތާ، ޔަގީން ދެންފެންނައިރަށް ވަރަށް ޝަކުވާކޮށްލާނެ” މިޝަލް ތެދުވެ އިށިންނަމުން ބުނެލިއެވެ.

“ލީން، މިހަފްތާ މި ނިމުނީނު، ހުކުރު އޮފްވާނެ، މަލަކާ މަންމަކައިރިއަށް ދާންރަގަޅުވާނެ ދޯ، އަދި އެބަޖެހޭ މާލެ ދާން ވެސް” މިޝަލް ބުނެލިއވެ.

“އެއީކޮންކަމަކު އަނެއްކާ މާލެދަނީ، މިޝަލް ވަރަށް ނުދަމެންނު” އަލައިނާ ކުޑަކޮށް ހައިރާންވެފައި އިނދެ އަހާލިއެވެ.

“ކުޑަ ޝޮޕިންނެއްކޮށްލަން” މިޝަލް ހީނލަމުން ބުނެލިއެވެ. ވާހަކައިގައި ދެއެކުވެރިން ތިބެފައި އަލައިނާ ތެދުވެ މާދަން ގުޅާނަން ކަމުގައި ބުނެ ގެއަށް ދިއުމަށް ހިނގައިގަތެވެ.

މިޝަލް އަށް އޮތީކުޑަކޮށް ނިދިފައެވެ. އެކޮޓަރީގައި ވާ ކުޑަދޮރު މިޝަލް ބަހައްޓަނީ އަބަދުވެސް  ހުޅުވާފައެވެ. މިޝަލްއަށް އެގޮތަށް ކަންތަށްކުރެވެނީ ކީއްވެކަމެއް ނޭނގެއެވެ. އެދޮރު ލައްޕާފަ ހުއްޓަސް މީކާޢިލް އަށް ވަދެވޭނެކަން މިޝަލްއަށް އެނގެއެވެ. މިޝަލްއަށް ހޭލެވުނީ އޭނާގެ މޫނަށް ހޫނު ނޭވާތަކެއް އެޅެމުން ދާކަމުގެ އިޙުސާސްއެއް ކުރެވިގެންނެވެ. ދެލޯހުޅުވާލުމާއެކު އޭނަގެ މޫނުމަތިން އުފާވެރިކަމުގެ ހިނިތުންވުމެއް ފެނިގެންދިޔައެވެ. އަދި އެއާއިއެކު މިޝަލް ތެދުވެ އިށީނެވެ. އޭނަގެ ކައިރީގައި ހުރީ މީކާޢިލްއެވެ.

“ކޮންއިރަކު އައީ؟” މިޝަލްއަށް އަވަހަށް އަހާލެވުނެވެ.

“ދެންމެ”މީކާޢިލް ބުނެލިއެވެ. މިޝަލް މުޅިދުވަހު ވީ ހުރިހާ ކަމެއް މީކާޢިލަށް ކިޔާދިނެވެ. އޭރު މީކާޢިލް އޭނާގެ އަދައިގެ މަތީން ހުރިހާ ވާހަކައެއް ހިނިއައިސްފައި އިނދެ އަޑުއަހަމުން ދިޔައެވެ. މިޝަލް އިނީ މީކާޢިލް އޭނަގޮވައިގެން ބޭރަށް ނުކުންނާނެ ކަމުގެ އުއްމީދުގައެވެ. އެކަމަކު ފަތިސް ވުމުން އޭނާ އެނބުރި ދިޔައީއެވެ.

ހެނދުނު ހެނދުނާ ފޯނުގެ ރިންގުގެ އަޑުން މިޝަލް ހޭލައްވާލިއެވެ.

“ހެލޯ…..ޝެބީ” އަލައިނާގެ އަޑުއިވުނެވެ.

“ކޮންއިރަކުން އަންނާނީ؟” އަލައިނާ މިޝަލް ހެލޯ އޭ ބުނުމުން އަހާލިއެވެ.

“ލީން، މިހާ ހެނދުނާ ތިގުޅީ ހަމަ އެހެން އަހަންތަ، އަހަރެން އަދި ކުޑަކޮށް ނިދާލާފަ ދާނީ” މިޝަލްގެ އަޑުގައި ވަރުބަލިކަން އެކުލެވިފައި ހުއްޓެވެ.

“ހޫން! ހޫން! ރޭގައި ބިޓުގެ ފޯނުގަ ހޭލާ އޮތީދޯ، ތީދެން ބޮޑުވަރު” އަލައިނާ ދިމާކޮށްލިއެވެ.

“އޯކޭ އޯކޭ، ލީން މަ ގުޅާނަން ހޭލާފަ ތިކޮޅަށް ދަމުން” މިޝަލް ބެލީ އަވަހަށް ފޯނުބޭއްވޭތޯއެވެ.

މިޝަލްއަށް ހޭލެވުނީ ދިހައެއް ޖަހަނިކޮށެވެ. ހޭލައިގެން އަވަހަށް ފެންވާރަލަން ފާޚާނާއަށް ވަނެވެ. ފާޚާނާގައި ފެންވަރަން ހުއްޓާ ކުއްލިއަކަށް މީހަކު މިޝަލްގެ ނަމުން ގޮވާލިއެވެ. މިޝަލްއަށް ފާޚާނައިގެ ފެންލައިޓަށް ބަލާލެވުނެވެ.

“މީކާޢިލް އައީކަންނޭގެ” މިޝަލްގެ ހިތަށް އެރިއެވެ. އަވަސް އަވަސްކޮށްލައިގެން މިޝަލް ކޮޓަރިއަށް ނުކުތްއިރު އެކަކުވެސް ފެންނާކަށް ނެތެވެ. އެއާއިއެކު އޭނާ ވަރަށް ހައިރާންވިއެވެ. މީކާޢިލް ގޮވާލައިފިނަމަ އޭނާ މިޝަލްއަށް ނުފެނިއެއް ނުދާނެއެވެ. އެވާނީ މިޝަލްއަށް އަޑުއިވުނު ގޮތަކަށް ކަމަށް މިޝަލް ނިންމިއެވެ. އެއީ މީކާޢިލް މިކަހަލަ ގަޑިތަކުގައި އައިސް ނޫޅޭތީއެވެ. މިޝަލް ހުރީ އަލަމާރިކައިރީ ހެދުމެއް ނަގާށެވެ. ކުއްލިއަކަށް މިޝަލް ސިއްސައިގެން ދިޔައީ ޑްރެސިންގ ޓޭބަލްމަތީ ހުރި ސެންޓުފުޅިއެއް ވެއްޓިތަޅައިގެން ދިޔައަޑަށެވެ.

“ކާކުތަ؟ ޕްލީސް މީކާޢިލް، ތިކަހަލަ ސަކަރާތް ނުޖަހަބަލަ” މިޝަލްއަށް ތަންކޮޅެއް ބާރަށް ބުނެލެވުނެވެ. އަވަހަށް އަލަމާރިން ނެގި ހެދުން މިޝަލް ގަޔަށް ހެޔޮވަރުކޮށްލިއެވެ. އަދި އަވަހަށް ސާޝާއަށް ގޮވިއެވެ. އެތަން ސާފުކުރުމަށެވެ.

ސާޝާ ކޮޓަރި ސާފުކުރަންދެން މިޝަލް އިނީ އެނދުގައި އިށީދެލައިގެންނެވެ. އޭނައަށް އެކިއެކި އުނދަގޫތައް ވަމުން ދިޔައެވެ. އޭނާގެ އިސްތަށިގަނޑުގައި މީހަކު އަތްލާހެން ހީވެއެވެ. އަދި އިރުއިރުކޮޅާ މިޝަލްގެ ކަނދުރާއާދިމާލަށް ހޫނު ނޭވާއެއްގެ އިޙްސާސް ވާހެންވެސް ހީވެއެވެ. މިޝަލް އިނީ ކުޑަކޮށް ހިތްހަމަ ނުޖެހިފައެވެ. ސާޝާ ކޮޓަރިން ނުކުމެގެން ދިއުމުން މިޝަލް އެނދުން ތެދުވިއެވެ.

“މީކާޢިލް، އަހަރެން ބުނަމެންނު އަހަންނަށް ނުފެނި ހުރެ ތިކަހަލަ ސަކަރާތް ނުޖަހާށޭ” މިޝަލް ރުޅިއަންނަގޮތްވިއެވެ. މިޝަލްގެ ލޮލަށް ނުފެނުމުން ހިތްނުތަނަވަސް ވީއެވެ. މިޝަލްގެ އިސްތަށިތަށް ކުއްލިއަކަށް ވިހުރުވިގެން ދިޔައެވެ. އަދި ކަންފަތުގައި ބާރު ހުނުމުގެ އަޑެއްއިވިގެން ދިޔައެވެ. މީކާޢިލްގެ އަޑާތަފާތު ކަމެއް އިވުނު އަޑުގައި ހުއްޓެވެ.

“މަޖަލެއް ނޫނޭ މީކާޢިލް، ދެން ހުއްޓާލަންވީނު ދޯ، މަށަށް ފެނިބަލަ” މިޝަލް ކޮޓަރީގެ އެތަން މިތަނަށް ނަޒަރު ހިންގަމުން ބުނެލިއެވެ. މިޝަލްއަށް އެއްވެސް އަޑެއް ނުއިވުމުން އަވަސް އަވަހަށް ތައްޔާރުވެލައިގެން ކޮޓަރިން ނިކުތެވެ. އޭރު ސާޝާ މެންދުރުކައްކަން އުޅެއެވެ. މިޝަލް ހުރީ ވަރަށް ހައިރާންވެފައެވެ. އެހެންޏާ މީކާޢިލް ނުޖަހާ ކަހަލަގެ ސަކަރާތެއް ޖަހާތީއެވެ. މިޝަލް ސާޝާ ކައިރީ އޭނަ މެންދުރުކާނީ އަލައިނާމެންގޭން ކަމުގައި ބުންޏެވެ. އަދި ހަފްސާ ގާތު އޭނާވީ އަލައިނާމެންގޭގައިކަން ބުނެދިނުމަށް އެދުނެވެ.

މިޝަލް ހިނަގަމުން ދިޔައިރު މަގުމަތީ އެހާގިނަ މީހުންނެއް ނެތެވެ. ހުކުރުނަމާދުގެ ވަގުތު ކައިރިވެފައިވާތިއެވެ. ގޭގޭގައި ހުޅުވާފައިވާ ރެޑިއޯ ތަކުންނާ ޓީވީ ތަކުން ޤުރާޢާން ކިޔަވާއަޑު އިވެމުން ދިޔައެވެ. މަގުމަތީ ކޮންމެވެސް ބަޔަކު ބޮއެފައި އެއްލާލައިފާވާ ދަޅުތަކެއް ހުއްޓެވެ. ހުކުރުދުވަސް ވީމަ މަގުތަކުން މިފަދަ އެއްޗެހި ފެންނާނެކަން މިޝަލްއަށް އެނގެއެވެ. މާލެން ދަތުރު އަންނަ މީހުންގެ ޢަމަލުތައްހުންނަނީ މިފަދަ ގޮތަކަށްވިއްޔާއެވެ. މިޝަލްގެ ފައިގާ ފަހަތުން އައިސް އެއްޗެއް ޖެހުނުކަން އެނގުނެވެ. އެހެންވެ ސިހިފައި ފަހަތަށް ބަލާލެވުނެވެ. ފައިކައިރީ އޮތީ ރެޑްބުލް ހުސް ދަޅެކެވެ. ފަސްދީފައި އައި ކުނިތަކުގައި އޮތް ދަޅެއްކަން މިޝަލްއަށް އެނގެއެވެ. މިޝަލް އެކަމަށް މާބޮޑުފަރުވާލެއް ނުދީ އަނެއްކާވެސް ކުރިއަށް ހިނގައިގަތެވެ.

“މީކާޢިލް ކިހިނެއް ވެގެންތަ ތިއުޅެނީ، އަހަރެން ބުނީމަ ދެން ހުއްޓާލަބަލަ، ޕްލީސް، ތީދެން ކޮންކަމެއްތަ” މިޝަލް މަޑުމަޑުން ކުދިކިޔަމުން ދިޔައެވެ.

މިޝަލް އަލައިނާމެން އުޅޭ ބައިގެ ދޮރުގައި ޓަކިޖެހިއެވެ. ދޮރުހުޅުވީ އަލައިނާއެވެ. އަލައިނާ އުފަލުން މިޝަލްގެ އަތުގައި ހިފާ އެތެރެއަށް ވެއްދިއެވެ. މަލަކާގެ ކެއްކުން ގަނޑުގެ ވަސް ގެއަށް ވަނުމާއެކީ މިޝަލްއަށް ދުވިއެވެ. ހަމައެއާއިއެކު މަލަކާ މިޝަލްއަށް ގޮވާލިއެވެ. އަދި މިޝަލް ހީކުރިފަދައިން މަލަކާ ޝަކުވާކޮށްލިއެވެ. އަލައިނާ މިޝަލް އަވަހަށް ކޮޓަރިއަށް ގެންދިޔައީ މަންމަގެ ޝަކުވާތަކުން މިޝަލް ސަލާމަތްކޮށްދިނުމުގެ ބޭނުމުގައެވެ.

“ޝެބީ، މަންމަ ގާތު އޮޅިގެން ވެސް ނުބުނައްޗޭ ރެހާންގެ ވާހަކަ” އަލައިނާ އާދޭހުގެ ރާގަކަށް ބުނެލިއެވެ.

“ކޮންއިރަކުން ދެން ބުނާނީ، މަލަކާ މަންމަ އަސްލު އަންޑަސްޓޭންޑް ވާނެއޭ، އެނގޭނެއެންނު ދެން އަހަރުމެންވެސް މިހާރަކު ހުސްކޮށެއް ނުތިބޭނެކަން، މަށަށް ފެންނަނީ ލަސްނުކޮށް ތިވާހަކަ ލީން ބުނަން” މިޝަލް އޭނާގެ ޚިޔާލު ފާޅުކުރިއެވެ.

“ކޮބާ އާހިލް…” މިޝަލް އާހިލް ފެންނަން ނެތުމުން އަހާލިއެވެ.

“ދޮންބެ ހުކުރަށް ދާން ތައްޔާރުވަނީ” އަލައިނާ ބުނެލިއެވެ.

މިޝަލް، މަލަކާގެ ހިތްހަމަ ޖައްސާލަދިނުމަށް އެގޭގައި އުޅުމަށްފަހު ގެއަށް އައީ ރޭގަނޑު އަށެއްޖަހަން އުޅެނިކޮށެވެ. މަލަކާ، މިޝަލް އެކަނި ގެއަށް ފޮނުވާކަށް ބޭނުމެއް ނުވިއެވެ. އެހެންވެ އެންމެފަހުން މިޝަލްއަށް މަޖުބޫރުވީ އާހިލް އާއިއެކު ގެއަށް ދިއުމަށެވެ. އާހިލް ހުރީ އެހާ ދުވަސްވަންދެން މިޝަލް ނުފެނިހުރެފައި ފެނުމުން ވަރަށް އުފާވެފައެވެ. ހިނގަމުން ދިޔައިރު މިޝަލް ގެ އަތުގައި ވަރަށް ހިތްވަރުކޮށްފައި އާހިލް ހިފާލިއެވެ. އެވަގުތު ކައިރިން ވިދާލިވިދުވަރު ފެނުނެވެ. އާހިލް ސިއްސައިގެން ދިޔަވަރުން މިޝަލްގެ އަތުން ދޫކޮށްލެވުނެވެ.

“އެއީ ކޮންއައްޔެއް؟” އާހިލްއަށް ބުނެލެވުނެވެ.

“ވާރޭވެހެން ކަންނޭނގެ އެއުޅެނީ، އަހަރެން ގެއަށް ގޮސްދާނަން، މިހާރު ނުލާހިކު ކައިރީގަ ގެ އެހެރީ، އާހިލް ދެންދޭ އަވަހަށް ގެއަށް” މިޝަލް ބޭނުންވީ އަވަހަށް އާހިލް ފޮނުވާލާށެވެ. އެކަމަކު އާހިލް ދާކަށް ބޭނުމެއް ނުވިއެވެ. މިފުރުޞަތު އާހިލް ގެއްލުވާލާކަށް ބޭނުމެއް ނޫނެވެ.

އާހިލް މިޝަލް ގެއަށް ލާފައި އޭނާ ވެސް ގެއަށް ދިއުމަށް ހިގައިގަތް އިރު އަތިރިމަތީ ގަސްތަކުތެރޭ ހުރި މީހާއެއް ނުފެނެއެވެ. އޭނަ ދިޔައީ އާހިލްއަށް ފާރަލަމުންނެވެ. އެކަމުގެ ހިލަމެއް ކުޑަކޮށް ވެސް އާޙިލަކަށް ނުވެއެވެ. އާހިލް އޭނާގެ ގެއަށް ވަނުމުން އެމީހާ ދޮރުމަތީ ހުއްޓިގެން ހުރީއެވެ. ކޮންމެވެސް ވަރަކަށް އެދޮރުން ވަނުމަށް މަސައްކަތް ކުރިއެވެ. ނަމަވެސް އޭނާގެ މަސައްކަތް ވީ ބޭކާރެވެ. ކުއްލިއަކަށް އޭނާ ދޮރުމަތީހުރެފައި ގެއްލުނެވެ. ދިޔަ ނުދިޔަ ތަނެއް ނޭނގުނެވެ.

މިޝަލް ހިތްހަމަ ނުޖެހިގެން ކޮޓޮރިތެރޭ ދޮކޮޅަށް ހިނގާލަ ހިނގާލަ ހުއްޓެވެ. މީކާޢިލް އަންނާނެ އިރެއްގެ އިންތިޒާރެއްގައެވެ. މިޝަލް ކޮޓަރީގައި ހުރި ޓީވީ ހުޅުވާލިއެވެ. އެއީ ކޮޓަރިތެރެ އަޑުމަޑުވީމަ މިޝަލްއަށް ކަމުނުގޮސްގެންނެވެ. އޭނާގެ އަތުގައި އޮތް ފޯނުން ގަޑިބަލާލިއެވެ. އެންމެފަހުން މީހާ ހަމަޖެހިލުމަށް އައިސް އެނދުގައި އިށީނެވެ. އޭނާގެ އިންތިޒާރު ނިމުމަކަށް އައީ ކުއްލިއަކަށް ކުޑަދޮރުކައިރީގައި ހުރި މީކާޢިލް ފެނުމުންނެވެ.

“ގޭގައި އުޅޭ މީހަކު ނޫން އިތުރު މީހެއް ވަންތަ މިކޮޓަރިއަށް” މިޝަލްއަށް އެއްޗެއް ނުބުނެވިގެން އުޅެނިކޮށް މީކާޢިލް އަހާލިއެވެ. އޭނާ ކޮޓަރީގެ އެތަށް މިތަނުން ވަސްބަލަން ފެށިއެވެ.

“މީކާޢިލް ކިހިނެއްތަ ތިއުޅެނީ، އަހަރެން ބިރުގަންނަވަންތަ ތިއުޅެނީ” މިޝަލްގެ ޖުމަލް އަޑުއިވުމުން މީކާޢިލް ހުއްޓުނެވެ. އަދި މިޝަލް ގާތު އެނދުމަތީ އިށީނެވެ.

“ކޮންބައެއް މިއަދު މިކޮޓަރިއަށް ވަނީ” މިކާޢިލް އަނެއްކާވެސް އޭނާގެ ސުވާލު ތަކުރާރުކޮށްލިއެވެ.

“އިތުރު ބައެއް ނުވަދެއޭ، ބޭރު މީހަކަށް އައީ ލީން އެކަނި، ކީއްވެތަ ތިހެން ތިއަހަނީ” މިޝަލް މީކާޢިލްއަށް ކަންބޮޑުވެފައި އިންފަދަ ނަޒަރަކުން ބަލާލިއެވެ. މީކާޢިލް މިޝަލް ގެ މޫނުގައި ހިފާ ބަލާލަމުން ހިނިތުންވެލިއެވެ. އެރީތި މޫނު ފެނިފައި މިޝަލްގެ ހިތުގައިވާ ހުރިހާ ސުވާލުތަކެއްގެ މަތިން ހަނދާން ނެތިގެން ދިޔައެވެ. މީކާޢިލްގެ މޭގައި މިޝަލް ގެނެސް ޖައްސާލިއެވެ. އެދެމީހުންގެ މެދަށް ކަޅު އަނދިރިގަނޑެއް ވެރިވަމުން ދާކަމުގެ ބިރުވެރި އިހްސާސް މީކާޢިލްގެ ހިތަށް ކުރުވިއެވެ. އެފަދަ ކަމެއް ވެދާނެ ކަމަށް ކުރިން މީކާޢިލްއަށް ނުވިސްނުނީތީ ވަރަށް ދެރަވިއެވެ. މިޝަލްއަށް ގޮތެއް ވެއްޖެއްޔާ އޭނާގެ އަމިއްލަ ނަފްސަށް ދުވަހަކުވެސް މާފެއް ނުކުރެވޭނެއެވެ.

“މިޝަލް ގަބޫލު ކުރަންތައް އަހަރެން މިޝަލްދެކެ ލޯބިވާކަން” މީކާޢިލް މިޝަލްގާތު އަހާލިއެވެ.

“އާން! ކީއްވެ ޤަބޫލު ނުކުރަންވީ، މީކާޢިލްއަށް ވުރެ ބޮޑަށް އަހަރެން ލޯބިވަން” މިޝަލް މީކާޢިލްގެ މޫނަށް ބަލާލަމުން ހިނިތުންވެލިއެވެ.

މީކާޢިލް، މިޝަލް އާއި އިތުރު ސުވާލުތަކެއްކޮށް މިޝަލްގެ ހިތްނުތަނަވަސް ކުރުވާކަށް ބޭނުމެއް ނުވިއެވެ. އެހެންވެ މިޝަލްގެ އެނދުގައި އޭނާ އޮށޯވެލައިގެން އޮތްއިރު މިޝަލް ހިތްހަމަ ޖެހޭނޭފަދަ މަޖާ ވާހަކަތައް ދައްކަމުން ދިޔައެވެ. އެހެން އޮއްވާ މިޝަލް އަށް ނިދުނީއެވެ. އެކަމަކު މީކާޢިލް އޭނަކައިރިން ދުރަށް އެންމެ ހިނދުކޮޅަކަށްވެސް ނުދެއެވެ. ނަމަވެސް އަބަދު އެހެން ނުހުރެވޭނެކަން އޭނާއަށް އެނގެއެވެ. މިޝަލް އާއިއެކު ހުރިހާ ވަގުތެއް ހޭދަކުރަން ފަށައިފިނަމަ އޭނައަށް ލިބިފައިވާ ބާރުތަކުގެ އަސަރު ކުޑަވެގެން ހިނގައިދާނެއެވެ. އެފަދަ ހާލަތެއްގައި މީކާޢިލް ހުރެއްޖެނަމަ އޭނާގެ އަދާވާތް ތެރިޔާއަށް އޭނާގެ މައްޗައް ގަދަވެގަތުމަކީ އެއްވެސް ކަމަކަށް ނުވާނެއެވެ. އަދާވާތްތެރިޔާގެ ބޭނުމަކީވެސް އެއީ ކަންނޭނގެއެވެ. މިޝަލްއަށް ގެއްލުމެއް ދޭން ރާވާ ކޮންމެ މީހަކީ މީކާޢިލްގެ ހަތުރެކެވެ. މީކާޢިލްއަށް އެނގޭހާވެސް އެއްޗަކީ މިޝަލްގެ ފަހަތުން އުޅެނީ އިންސާނެއް ނޫންކަމެވެ. އެއީ މީކާޢިލް ކަހަލަ ޖިންނިއެއްކަމެވެ. އެމީހުންގެ ޢައިލާ ވަރަށް ދުރަށް ފެތުރިފައިވެއެވެ. އެހެންވެ އެއީކާކުތޯ ހޯދުމަކީ އެހާ ފަސޭހަކަމަކަށް ނުވާނެއެވެ.

ހެނދުނު ހެނދުނާ ހޭލެވުނު މިޝަލްގެ ލޯ ހުޅުވާލިއިރު މީކާޢިލް ފެންނަން އޮތުމުން މިޝަލް ވަރަށް އުފާވިއެވެ. ހުވަފެނަކަށް ވެދާނެތީ މިޝަލް ލޮލުގައި އަތްހާކާލާފައި ރަނގަޅަށް ގާތުގައި އޮތް މީކާޢިލްއަށް ބަލާލިއެވެ. އަދި މިޝަލްއަށް ބަލަހައްޓައިގެން އޮތް މީކާޢިލްގެ މޫނުގައި އަތްތިލަ ޖައްސާލީ އޭނާއަށް ފެންނަމުންދިޔައީ ހަޤީޤަތްތޯ ޔަޤީންކުރުމަށެވެ.

“އަހަރެން ހީކުރީ ހުވަފެނެއްކަމަށް، މިއަދު ގެއަށްނުދާ ދުވަހަކީތަ” މިޝަލް އަހާލިއެވެ.

“މިޝަލްގާތު ދަނީއޭ ނުބުނެވިގެން އުޅެނިކޮށް މިޝަލް ނިދައިފި، އެހެންވެ މަޑުކުރީ” މީކާޢިލް ބުނިޖުމްލައިން މިޝަލް ވަކިން ބޮޑަށް އުފާވިއެވެ. މީކާޢިލްގެ އަތުގައި ބާރަށް ބައްދާލާފައި މިޝަލް އެނދުން ތެދުވެ ފާޚާނާއަށްވަދެ ތަޒާވެލައިގެން ނުކުތެވެ. އޭރު މީކާޢިލް ހުރީ އެނދުން ތެދުވެގެން އައިސް ކުޑަދޮރުން ބޭރުބަލާށެވެ. އެހެންނަމަވެސް މިޝަލްގެ ހިލަމެއްވާއިރަށް އޭނާގެ ހުރިހާ ސަމާލުކަމެއް މިޝަލްއަށް ހުއްޓާލިއެވެ.

“ދެންދަނީ އިނގޭ” މިކާޢިލް ދާން އުޅުމުން މިޝަލް ދެރަވެފައި މޫނުހަދާލިއެވެ. އެކަމަކު އޭނައަށް އަބަދު މިޝަލް ކައިރީ ނުހުރެވޭނަކަންވެސް މިޝަލްއަށް އެނގެއެވެ. އެއީ އޭނައަކީ މިޝަލް ކަހަލަ އިންސާނެއް ނޫންވީމައެވެ. އާދައިގެ މަތިން މީކާޢިލް ގެއްލުނީ މިޝަލްގެ އަތްތިލާގައި ބޮސްދީފައި ފަހުން ދިމާވާނެކަމުގައި ބުނެފައެވެ.

މިޝަލްގެ ދުވަސް އެހެން ދުވަސް ތަކެކޭ އެއްގޮތަށް ކުރިއަށް ދިޔައެވެ. އޭނައަށް ކުރިން ދިމާވި އެއްވެސް ކަމެއްގެ މަތިން ހަނދާނެތްކަހަލައެވެ. މީކާޢިލް އިނީ މާލެ އަތޮޅު ގުރައިދޫގައި ހުރި ނިކަގަހުގެ ކުރީގައި އިށީނދެލައިގެންނެވެ. ފުން ޚިޔާލެއްގެއެވެ. މަޑުމަޑުން އޭނަގެ ކައިރިއަށް ބަލްޤިސް ފައިބާކަން އޭނައަށް އެނގެއެވެ.

“ބޭބެ ކީއްވެތަ ތިހާ މާޔޫސް ވެފައިތީނީ” ބަލްޤިސް ގެއަޑުއިވުނެވެ.

“ބޭބެއަށް ކަމުދޭތެ މިޝަލް” މީކާޢިލް އެއްވެސް އެއްޗެއް ނުބުމުން ބަލްޤިސް އަހާލިއެވެ. މީކާޢިލް ބޮލުގެ އިޝާރާތުން އާނއެކޭ ބުނެލިއެވެ.

“އެކަމަކު އެއީ އިންސާނެއް، ކިހިނެއް…” ބަލްޤިސް ބުނަންއުޅުނު ޖުމްލަ ހުއްޓާލީ މީކާޢިލް އޭނާއަށް ބަލާލުމުންނެވެ.

“ތި ސުވާލަށް ޖަވާބު ދޭކަށް ބޭބެއަކަށް ނޭނގޭ، ބޭބެއަށް އެނގޭހާ އެއްޗަކީ މިޝަލް ދޫކޮށެއް ނުލެވޭނެކަން، ބޭބެ އެއަންހެންކުއްޖާ މޮޔައެއް ނުކުރަން” މީކާޢިލް އެހެން ބުނުމުން ބަލްޤިސް އިތުރު ސުވާލެއް ކުރާކަށް ބޭނުމެއް ނުވިއެވެ. އޭނާއަށް މީކާޢިލްގެ ހިތުގައި ޖަހާ ވިންދު އެނގެނީކަންނޭނގެއެވެ. އިތުރު އެއްޗެއް ނުބުނެ ބަލްޤިސް އިނީ އޭނާގެ ލޯބިވާ، ހަމައެކަނި ހުރި ބޭބެގެ އެކަނިވެރިކަމުގައި ބައިވެރިވުމަށެވެ.

މީކާޢިލް ކުއްލިއަކަށް އުދުހިގަތެވެ. އޭނާގެ ފަހަތުން ބަލްޤިސް އުދުހިގަތެވެ. މީކާޢިލްގެ ލޮލުގައިވާ ވިދުން ބަލްޤިސްއަށް ވެސް ފެނުނެވެ. މީކާޢިލްއާ އެއްވަރަށް ދިއުމަށް ބަލްޤިސް މަސައްކަތް ކުރިއެވެ. އެކަމަކު ބަލްޤިސް އަށް ލިބިފައިވަނީ މީކާޢިލްއަށް ލިބިފައިވާ ފަދަ ބޮޑު ވަރުގަދަ ވަރައެއް ނޫނެވެ. ބަލްޤިސްގެ އުމުރުގެ ގޮތުން ކަމަށްވެސް ވެދާނެއެވެ. މީކާޢިލް މަޑުކުރީ އައްޑޫ ލިންކު ރޯޑާދިމާއޮންނަ ބޯގަސްތަކާ ދިމާލަށެވެ. ބަލްޤިސް  މީކާޢިލްގެ ފަހަތުން ވަދެގެން ދިޔައެވެ. އޭނައަށް މީކާޢިލް އެއައީ ކާކުގެ ގާތަށްކަން އެނގުނެވެ.

ގަސްތަކުގެ އެންމެ އެތެރެއަށް ހިނގަމުންދަނިކޮށް ކުއްލިއަކަށް ހަތަރު މޮށްގަނޑު ޖަހައިގެން ގަސްތަކުތެރޭ ހިނގަމުންދިޔަ ޖަނަވާރެއް މީކާޢިލްއަށް ފެނުނެވެ. އެމީހުން ފެނުމުން އޭތި ޅަފިރިހެން ކުއްޖެއްގެ ސިފަޔަށް ބަދަލުވެގެން ދިޔައެވެ. އޭނަގެ ނޭފަތް ހުރީ އެތެރެއަށް ވަދެފައެވެ. ދެލޯ ހުރީ ދެފަރާތަށް ދެމިފައެވެ. ހީވަނީ ހިޔަޅު އެއްޗެހީގައި ހުންނަކަހަލަ ލޮލެއްހެންނެވެ. ލޮލުގެ ކަޅިހުރީ ބުޅަލުގެ ކަޅިހެންނެވެ. މަޑު އޮރެންޖު ކުލައިގައެވެ. ހީނލިއިރު އަނގަ ދެފެރާތަށް ދެމިގެން ދިޔަދިޔާނުން ކަންފަތާ ހަމައަށް ދިޔައެވެ. ބޮލުގެ އިސްތަށިގަނޑު ހުރީ މަޑުނޫކުލަ ފާޑަކަށެވެ. ކަންފަތުގައިވެސް ވަނީ އިސްތަށި ފަޅާފައެވެ. ބަލްޤިސް އެފިރިހެން ކުއްޖާއަށް ހިނިތުންވެލިއެވެ.

“ކޮބާ ޒިޔަޒެލް؟” މީކާޢިލް އެފިރެހެން ކުއްޖާގާތު އަހާލިއެވެ.

“ތިދުރުވީ ވަރަށް ދުވަސްކުރައްވާފައި، އަޅުގަނޑު ހަނދާން އެބަހުރި، އެކަމަކު އޭރު އަޅުގަނޑުގެ އުމުރުން އެންމެ ފަސްއަހަރު” އެކުއްޖާ މީކާޢިލް އާއި ވާހަކަދައްކަމުން ދިޔައެވެ. އަދި ދާންވީ މަގުދައްކަމުން ދިޔައެވެ. އެތެރެއަށް ވަންނަމުން ދިޔަވަރަކަށް އިތުރު މީހުން ފެންނަމުން ދިޔައެވެ. އެންމެންގެ މޫނުތަކުން ވެސް ފެންނަނީ ހައިރާން ކަމެވެ.

“ކަލޭގެ ނަމަކީ ކޮބާ؟” މީކާޢިލް ހަރުއަނޑަކުން އަހާލިއެވެ.

“މިޒަރެން، ޒިޔަޒެލް އަހަންނަށް ތިޢާއިލާގެ ވާހަކަތައް ކިޔައިދޭ، އެންމެންވެސް ބިރުގަންނަވާހަކަ، ކަލޭމެންގެ ބާރުގަދަ ކަމުގެ ވާހަކަތައް، ޒިޔަޒެލް ގާތު އަހަރެން ބޮޑުވުމުން ކަލޭމެންގެ ގާތަށް ދާނަމޭ ބުނިން” މިޒަރެން ހިނިއައިސްފައިހުރެ ކިޔާދެމުން ދިޔައެވެ. މީކާޢިލް އަކީ ރަސްމަތިފުށުން އައިސްފައިވާ ޖިންނިއެކެވެ. އޭނަގެ ހަށިގަނޑުގައި ވަނީ ޝާހީ ކަމުގެ ލެޔެވެ. އެހެނީ އެމީހުން އުފެދުމުގައި އައިބުތައް މަދުވެ ލިބިފައިވާ ވަރައިގެ ބޮޑުކަމެވެ. އެހެންމީހުންނަށް ވުރެ ބާރުގަދަވުމެވެ. ބަލްޤިސް މީކާޢިލްގެ ފަހަތުން އެމީހުންނަށް ބޯތިރިކޮށް ސަލާމްކުރާ މީހުންނަށް ހިނިތުންވަމުންދެއެވެ. އޭނަވެސް ވަނީ ޒިޔަޒެލްގެ ވާހަކަތައް އަޑުއަހާފައެވެ. އެކަމަކު އޭނައަށް ބައްދަލު ކުރެވޭ މީ ފުރަތަމަ ފަހަރެވެ. މިނޫނީ ބަލްޤިސް އޭނާގެ ޢާއިލާއާ ވަކިން މިހާދުރަށް އަދި ނާދެއެވެ.

“ޒިޔަޒެލް ވީ އުތުރަށް ގޮއްސަ، ކޮންމެސް ގަހެއްގެ އޮށެއް ހޯދުމަށް، މިތާ މަޑުކޮއްލަންވީނު” މިޒަރެން ޒިޔަޒެލް އުޅޭގެއާ ކައިރިވުމުން ބުނެލިއެވެ. އޭނާގެ ގެ ހަދާފައިވަނީ ޒަމާންވެ ބޮޑުވެފައިވާ ބެރެބެދި ގަހެއްގައެވެ. ބަލްޤިސް ގަހުން ވެއްޓުނު ރަތްމާ ނަގާ އެއާ ކުޅެން އިނެވެ.

ގަސްދޮށަށް ވެރިފައިހުރި މާތަށް އުނގަށް އަޅައިގެން އެއާކުޅެން ބަލްޤިސް އިނީ ވަރަށް މަޖާވެފައެވެ. އެހެންނަމަވެސް މީކާޢިލް އިނީ ވިސްނުމެއްގެތެރޭގައެވެ. އޭނާ ބަލްޤިސްއަށް ބަލާލާފައި ވާހަކަދައްކަންފެށިއެވެ.

“ބައްޕައަށް އެނގިލައްވާނެ އަހަރުމެން މިތަނަށް އައިކަން، އެކަމަކު ކީކުރަންކަމެއް އެނގިއެއްނުލައްވާނެ، އެހެންވީމަ ބަލްޤިސް މިވާހަކަ އަދި ސިއްރުކޮށްދެން ވާނެ” މީކާޢިލް މީހުން އުޅޭ ގޮތް ބަލަން އިނދެ ބުނެލިއެވެ.

“މައްސަލަ އެއްނެތް، އެކަމަކު ބައްޕައަށް އެނގިލައްވާ ދުވަހުން” ބަލްޤިސް ކަންބޮޑުވެފައި މީކާޢިލްއަށް ބަލާލިއެވެ. މީކާޢިލް އިތުރަށް އެއްވެސް އެއްޗެއް ނުބުނުމަށް އިޝާރަތުން އަންގާލިއެވެ. އަދި މިތާ މީހުންގެ ކަންފަތްތައް ވަރަށް ތޫނު ވާނެވާހަކަ ބުނެލިއެވެ. ޒިޔަޒެލް އާއި ނުލާ ވާހަކަ ދެއްކުން އެހާ ރަނގަޅެއް ނުވާނޭ ކަމުގައި މީކާޢިލް ބަލްޤިސްއަށް ވިސްނައިދިނެވެ.

“ބޭބޭ، ކީއްވެތަ ޒިޔަޒެލް އަހަރެމެންނާ ވަކިވީ، މަންމަ ބުނުއްވިގޮތުގައި ޒިޔަޒެލްއަކީ ވަރަށް މޮޅުމީހެއް” ބަލްޤިސް މީކާޢިލްގެ މޫނަށް ބަލާލިއެވެ. އެމީހުން ތިބީ ޒިޔަޒެލް އަންނާނެ އިރެއްގެ އިންތިޒާރުގައެވެ. މީކާޢިލް އަށް ޒިޔަޒެލް އެނގެނީ އޭނަ ކުޑައިރު ޒިޔަޒެލް ފެނިހަދާތީއެވެ. އަދި ފުރާވަރަށް އެޅުނު ދުވަސްވަރު ޒިޔަޒެލްގެ ވާހަކަތައް އަޑުއެހުމަށް އޭނާގެ ގާތަށް އައިސް އުޅޭތީއެވެ. އެކަމަކު ބަލްޤިސްއަށް އޭނާއެއް ނުފެންނާނެއެވެ. މީކާޢިލްއަކީ އޭނާގެ މަންމަފަދަ ތޫނުފިލިކަމާ ޢިލްމު އުނގެނުމަށް ޝަޢުގުވެރިވާ ޖިންނިއެކެވެ. ބަލްޤިސްއަށް ޒިޔަޒެލް އެނގެނީ ހާންދާނު ތެރޭ ދެކެވޭ ވާހަކަތަކުންނެވެ. އަދި ވެސް ޒިޔަޒެލްގެ އެހީތެރިކަން މީކާޢިލްގެ ޢާއިލާއަށް ލިބެމުންދާލެއް ކުޑައެއް ނޫނެވެ.

“ޒިޔަޒެލް ދިޔައީ އޭނާ އަމިއްލައަށް، އޭނާގެ ސަބަބުން އޭރު އަހަރުމެންނަށް ދިމާވެދާނެ ގެއްލުމެއްގެ ސަބަބުން މަޖުބޫރުވީ އަހަރުމެންނާ ދުރަށް ދިއުމަށް، ސަތޭކަ އެތަކެއް އަހަރު ވީއުރު އަދިވެސް އޭނާ އުޅޭ އުޅުމުގައި ހީވާނީ ބޭބެމެން ކަހަލަ ޒުވާނެއްހެން” މީކާޢިލް ހިނިއައިސްފައި އޭނައަށް އެނގޭ މިންވަރުން ޒިޔަޒެލްގެ ވާހަކަ ބަލްޤިސްއަށް ކިޔާދޭން ފެށިއެވެ.

“ކީއްވެ އޭނާ އަމިއްލައަށް އެކަހަލަ ނިންމުމެއް ނިންމީ، އަހަރުމެން މާ ބާރުގަދައެއް ނޫންތަ” ބަލްޤިސް ސުވާލު އުފެދިފައިވާ ނަޒަރަކުން ބަލާލިއެވެ.

“އޭނައަށް ކުރެވުނު ކުށަކީ އިންސާނެއް ދެކެ ލޯބިވެވުން، އިންސާނަކާ ގުޅެން މަސައްކަތް ކުރުން” މީކާޢިލް މާޔޫސްވެފައި އިން ރާގަކަށް ބުނެލިއެވެ.

“އެހެންވެތަ ބޭބެ ތިއައީ ޒިޔަޒެލް ގާތަށް” ބަލްޤިސް އަވަހަށް އަހާލިއެވެ.

“ބޭބެ މިއައިކަންތައް ޒިޔަޒެލްއަށް ނޫން އެހެން މީހަކަށް ނުކުރެވޭނެތީ މިއައީ އޭނަ ކައިރިއަށް” މީކާޢިލް ފުންނޭވާއެއް ލަމުން ބުނެލިއެވެ.

“ބޭބޭ، ނިކަން އަހަންނަށް ކިޔާދީބަލަ ޒިޔަޒެލްގެ ވާހަކަ، ކޮބާތަ މިހާރު ޒިޔަޒެލް ގުޅެން ބޭނުންވި އިންސި” ބަލްޤިސް އަޑުއަހަން ބޭނުންވެފައި އިންވަރު މީކާޢިލްއަށް އެނގިފައި ހިނިއައެވެ. އަދި ބަލްޤިސްގެ ބޮލުގައި ފިރުމާލިއެވެ. ބަލްޤިސް މީކާޢިލްދެކެ ލޯބިވާވަރު އޭނައަށް އެނގެއެވެ. އަބަދުހެން މީކާޢިލްއަށް ފާރަލަމުން ބަލްޤިސް ދާކަން މީކާޢިލްއަށް އެނގެއެވެ. އެކަމަކު އޭނަވެސް ބަލްޤިސްއަށް ޖެހިފައިވާ ކުލުނުން އޭނާގެ ކަންތައްތައް ހުއްޓުވާކަށް ނޫޅެއެވެ. އެކަމަކު އެ ކޮއްކޮއަށް އޭނާގެ ސަބަބުން ދިމާވެދާނެ ނުރައްކަލާކާއިމެދު ބިރުގަނެއެވެ. މަޑުމަޑުން އިނދެ ބިންމައްޗަށް ވެއްޓިފައި އޮތް އޮފިކޮޅަކާއި ކުޅެމުން މީކާޢިލް ޒިޔަޒެލްގެ ވާހަކަތައް ބަލްޤިސްއަށް ކިޔައިދޭންފެށިއެވެ.

“އެއީ ޒިޔަޒެލްގެ ޅައުމުރު، ޒިޔަޒެލް ވަރަށް ގިނައިން ރަށްރަށުގެ ތުނޑިއަށް ގޮސްއުޅޭ ކަމަށްވަނީ، އެހެން އުޅުމުގެތެރޭ ފުވަމުލަކު ތުޑިއަށް އިރުއޮއްސޭ އިރަށް އަންނަ އަންހެން އިންސިއެއް ފެނުނީ، ޒިޔަޒެލް އެކުއްޖާއާ ބައްދަލުކުރަންފެށި، އޭރު އެކުއްޖާއަކަށް ނޭނގޭ ޒިޔަޒެލްއަކީ މީ ކާކުކަމެއްވެސް، އެ އަންހެން ކުއްޖާ ހީކުރިގޮތުގައި ޒިޔަޒެލްއަކީވެސް އޭނާ ކަހަލަ އިންސާނެއް، ޒިޔަޒެލް އެއަންހެން ކުއްޖާދެކެ ވަރަށް ލޯބިވި، އެކަން އޭނަ ފެނުމުންވެސް ކޮއްކޮއަށް އެނގޭނެ” މީކާޢިލް ބަލްޤިސް އަށް ބަލާލަމުން ބުނެލިއެވެ.

“އެއީ ކިހިނެއް” ބަލްޤިސް މީކާޢިލް ބުނިއެއްޗެއް ސާފު ނުވެގެން އަހާލިއެވެ.

“އަދި މަޑު ކުރޭ، އެއްކޮށް ނިމެންދެން، އާން! ދެން ވީ ގޮތަކީ މިއަންހެން ކުއްޖާގެ ބައްޕައަކީ މަސްވެރިއެއް، އަނތްބެއް ނުހުރޭ، އެއަންހެން ކުއްޖާގެ އުމުރުން ސާދަ އަހަރުގައި އޭނާގެ މަންމަ ނިޔާވީ ހަމަކުއްލިއަކަށް، މިއަންހެން ކުއްޖަކީ ފިސާރި ރީތިކުއްޖެއް، ރަށުގެ ފިރިހެނުން ތިބެނީ އޭނާއާ ގުޅެން ބޭނުންވެފައި، އެކަމަކު އެއަންހެން ކުއްޖާއަށް މިދިމާވީ ޒިޔަޒެލްއާ، އޭނައަށް ޒިޔަޒެލް ކަހަލަ ރީތި ފިރިހެނެއް އެރަށުގައި އުޅޭކަމެއް އެނގިފައެއް ނުވޭ، އެހެންވެ އޭނާގެ ހިތްވެސް ޒިޔަޒެލްގެ މައްޗަށް ލެނބިގެން ދިޔައީ ލަހެއް ފަހެއްކޮށެއް ނޫން، އެއީ އެފަދަ ރީތި ފިރިހެނުންގެ ފަހަތުން އެރަށު އަންހެންކުދިން ދުވާނެކަން އެނގޭތީ، އެފުރުޞަތު އޭނާ ނޫން އެހެން އަންހެން ކުއްޖަކަށް ނުދޭން ވެގެންހެން ހީވަނީ ބޮޑަށް، މި އަންހެން ކުއްޖާގެ ބައްޕަ ބޭނުންވީ އެދަރިފުޅަށް ލިބިފައިވާ ރީތިކަން އަގުބޮޑުކޮށް ވިއްކާލަން، އޭނައަށްވެސް ރަނގަޅަކަށް، އެއީ ދަރިފުޅު އުފަލުގައި ގެންގުޅެވޭނޭ ފެންވަރު ހުރި މީހަކާ ނޫނީ އެދަރިފުޅު ނުދެވާންވެގެން، އޭނާގެ އަނބިމީހާގެ އެންމެ ފަހުނޭވާގައި ވެފައިވާ ވަޢުދާ ހިލާފު ނުވުމަށް، އެގޮތުން އެއްދުވަހު ރަށަށް އައިސް ހުރި ބީރައްޓެއްސެއް، މިމީހާއަކީ ވަރަށް މުއްސަނދި މީހެކޯ، އެ އަންހެން ކުއްޖާގެ ބައްޕައަށް ކަމުދާ ވަރަށް ގިނަ ސިފަތަކެއް އޭނަގެ ފަރާތުން ފެނުނުކަމަށް ވަނީ، ޅަފުރާގެ ފިރިހެން ކުއްޖެއް ކަމަށްވަނީ އެއީ، އޭނަ އެރަށަށް އައިސް އުޅެނިކޮށް މިއަންހެން ކުއްޖާ ފެނުނީ މުދިންބެ މެންގޭ ކުދިންނަށް ޓިއުޝަން ދޭން ދާގަޑީގައި ކަމަށް އެ ފިރިހެން ކުއްޖާ، މިބުނާ އަންހެންކުއްޖާ ގާތު ބުނިކަމަށްވަނީ އަދި އޭނާ ވަރަށް ގުޅެން ބޭނުންވާ ވާހަކަ އާއި އޭނާ އެއަންހެން ކުއްޖާއަށް ދެރައެއް ނުދޭނަން ކަމަށް ވަރަށް ހުވާކުރިކަމަށްވެސްވޭ، އެންމެފަހުން އޭނާގެ މައިންބަފައިން ވެސް އެއަންހެން ކުއްޖާގެ ކައިވަންޏަށް އެދި އޭނާގެ ބައްޕަ ގާތަށް އައުމުން، އެއަންހެން ކުއްޖާގެ ބައްޕަ އެއްބަސްވީ، މިވާހަކަ އަންހެން ކުއްޖާގެ ކަންފަތުގައި ޖެހުނީ އާދައިގެ މަތިން ތުނޑިއަށް ގޮއްސަ އައިތަނާ، އޭނާ އެޚަބަރު ދޭން އަނެއްދުވަހު ޒިޔަޒެލް ގާތަށް ދިޔަ، ޒިޔަޒެލްގެ ހިތަކަށް ކެތެއް ނުވި، އޭނާ ބޭނުމެއް ނޫން އެއަންހެން ކުއްޖާއާ ދުރަށްދާކަށް، އޭނާ ވިސްނަމުން ދިޔައީ މުޅިއުމުރަށް އެއަންހެން ކުއްޖާ އޭނާގެ ގާތަށް ގެންނާނެ ގޮތަކާ ދޭތެރޭ، އޭނާ ވެސް އެއަންހެން ކުއްޖާ މޮޔަކޮށްލާކަށް ބޭނުމެއް ނޫން، މިއަންހެންކުއްޖާގެ ބައްޕައަށް ކަންތައް ބޮޑުވެއްޖެއް އިންނަން ހަމަޖެހިފައި އޮތް ފިރިހެން ކުއްޖާ ބައްދަލު ކުރަން އެގެއަށް އަންނައިރު އޭނާގެ ދަރިފުޅު ގޭގައި ނޫޅޭތީ، އެހެންވެ ކޮންތާކަށްދޯ ދަނީ ސުވާލުކުރަންފެށުމުން، ދަނީ ތުނޑިއަށް ކަމުގައި އެއަންހެން ކުއްޖާ ބުނި، އަދި ބައްޕަގެ ގާތު މާފަށް އެދެމުން އޭނަ އުޅެނީ ކުއްޖަކާ ރައްޓެހިވެގެން ކަމަށް ބުނި، ބައްޕަގެ ގާތަށް އައީ ރުޅިކަމަށްވަނީ އެކަމަކު ބޮޑުވެފައި ހުރި އަންހެން ދަރިއަކަށް ކުރެވޭނެ މާބޮޑުކަމެއް ނެތުމުން، އެއަންހެން ކުއްޖާއަށް އެންގީ އެރޭގެ ފަހުން ތުނޑިއަށް ގޮސްގެން ނުވާނެކަމަށް އަދި ރައްޓެހިވެގެން އުޅޭ ކުއްޖާއާ ގުޅުން ކަނޑާލުމަށް، ޒިޔަޒެލް އާއި ބައްދަލު ކުރުމަށް މިއަންހެން ކުއްޖާ ނާންނާތީ ޒިޔަޒެލް ދިޔައީ އެކުއްޖާގެ ގެއަށް، ކައިވެނި ކުރުމަށް ހަމަޖެހިފައިވާއިރު އަންހެން ކުއްޖާ ވާން އުޅޭ ފިރިމީހާއަށް ދައްކަނީ ރުޅި މޫނެއް، މިގޮތުން އެއްރޭ އަންހެން ކުއްޖާ ހުރީ ގޯތިތެރޭ ގިފިއްޔާ ދިމާލަށް ހުރި ބަނބުކެޔޮ ގަސްދޮށުގައި ޒިޔަޒެލް އާއި ވާހަކަދެއްކުމަށް، ޒިޔަޒެލް ކަންބޮޑުވެފައި ހުރިވަރުން އޭނާގެ ހުރިހާ ހިއްސުތައް މަސައްކަތް ކުރާލެއް ލަސްވި، އެކަމުގެ ނަތީޖާއަކަށްވީ ގިފިލީގައި ހުރި ބައްޕަގެ ހިލަންވުންތައް ނޭނގުން، ގިފިލ ހުޅުވާލާފައި ބައްޕަ ބޭރަށް ދެމިގަތީ ހަލުވިކަމާއެކު، އެއަންހެން ކުއްޖާއަށް މިވަނީ ކިހިނެތްކަން ނޭނގެނިސް ޒިޔަޒެލް ދުއްވައިގަތީ ފާރާ ދިމާލަށް، އޭނަ ފާރަށް އެޅިފައިވާ އަނދިރިގަނޑުގެ ތެރެއަށް ގެއްލިގެން ދިޔައީ، އެކަމެއް އަންހެން ކުއްޖާގެ ބައްޕައަކަށް ނޭނގޭ، އަންހެން ކުއްޖާ ހީކުރީ ޒިޔަޒެލް ފާރުމަތިން ފުއްމާލީ ކަމަށް، އެކަމަކު އޭނާގެ ބައްޕަ މަގުމައްޗަށް ނުކުތްއިރު ޒިޔަޒެލްގެ ފިޔަވަޅެއް ހާ ހިސާބުވެސް ނުފެނުން، މިކަމުގެ ސަބަބުން އަންހެންކުއްޖާގެ ބައްޕަ މި މުއްސަނދި ފިރިހެން ކުއްޖާގެ މައިންބަފައިންނާ މަޝްވަރާކޮށް ކައިވެނި އަވަސް ކުރަން ނިންމީ، އަންހެން ކުއްޖާ މިކަމާ ވަރަށް ރުޅިއައިސް އެފިރިހެން ކުއްޖާއަށް އެއްޗެހިކިޔާ އޭނާ ހިތްހެޔޮކަންމަތީ އެފިރިހެން ކުއްޖާއާ ދުވަހަކުވެސް ނީންނާނަމޭ ބުނުމުން، އެފިރިހެން ކުއްޖާވެސް ބޭނުންވީ އޭނައަށް ވާނެކަން އަންގާލަން، އެގޮތުން އޭނާ ދިޔައީ އެރަށުގައި އުޅޭ ދޮންފުތު ބޭ ކިޔާމީހެއް ގާތަށް، އެމީހަކީ އޭރު ރަށުގައި ހުރި އެންމެމޮޅު ކަންވެރިޔާ ކަމަށް ވަނީ، އެއީ ވަރަށް ކުރީގައި ވިއްޔަ، ބޭބެވެސް އޭރު ވަރަށް ކުޑަވާނެ” މީކާޢިލް ފުންނޭވާއެއް ބޭރުކޮށްލާފައި ވާހަކަކުރިއަށް ގެންދިޔައެވެ.

“ޒިޔަޒެލް ވެސް ފަހަތަކަށް ނުޖެހުނު، އެފިރިހެން ކުއްޖާއަށް ދޮންފުތުބޭ ބުނެދީފި އެއަންހެން ކުއްޖާފަހަތުން ޖިންނިއެއް އުޅޭ ވާހަކަ، އެހެންވެގެންކަން އަންހެން ކުއްޖާގެ ހިތް އެފިރިހެން ކުއްޖާގެ މައްޗަށް ނުލެބިގެން އެއުޅެނީ، އެމީހުން ރޭވީ ޒިޔަޒެލްގެ ދުވަސް ދުއްވާލަން، އަދި އެކަން އަންހެން ކުއްޖާގެ ބައްޕައަށް އެންގީ، އޭނާވެސް ބޭނުންވީ އޭނާގެ ދަރިފުޅު އެކަމުން ސަލާމަތް ކުރަން، އެއަންހެން ކުއްޖާ އެއްގޮތަކަށް ވެސް ޤަބޫލެއްނުކުރި ޒިޔަޒެލްއަކީ ޖިންނިއެއް ކަމަކަށް، އެންމެ ފަހުން ދޮންފުތުބޭ މަސައްކަތްފެށީ. ދޮންފުތުބޭ، ޒިޔަޒެލް ގެނައުމަށް ކިޔަވަންފެށީ، އަންހެން ކުއްޖާއަށް ޒިޔަޒެލް އެއީ ޖިންނިއެއްކަން އެނގުނީ އެހިސާބުން، އެ އަންހެން ކުއްޖާއަށް އެކަން އެނގުމުން އޭނާ ބޭނުމެއްނުވި ޒިޔަޒެލްއާއެކު އުޅޭކަށް އަދި އޭނާ ޒިޔަޒެލް އާދިމާލަށް ބުނިކަމަށްވަނީ ޒިޔަޒެލް އުޅެނީ އޭނާ މޮޔަކުރުވައިގެންނޭ، އޭނާވެސް ކަންވެރިޔާކައިރިން އެދެމުން ދިޔައީ ޒިޔަޒެލް ކައިރިން ސަލާމަތް ކޮށްދިނުމަށް، ޒިޔަޒެލް އެވަރުން ވެސް އެއަންހެން ކުއްޖާ ދުލެއް ނުކުރި، އޭނާ އަންހެން ކުއްޖާދެކެ ލޯބިވާކަމުގައި އާދޭސްކުރަމުން ދިޔަ، އަދި އެއަންހެން ކުއްޖާއަށްޓަކައި އަނދައިގެން ދިއުން ވެސް ޒިޔަޒެލްއަށް ހަމަ އެންމެ ރަނގަޅުވި، ދޮންފުތުބެއަށް ޒިޔަޒެލް ހިފަހައްޓާލެވެނީ ހަމަކިރިޔާ، އެހެންވެ އަވަހަށް އަންދާލަން މަސައްކަތް ކުރީ، އޭރު އަހަރުމެންގެ ޢާއިލާމީހުންނަށް ވެސް އެކަން އެނގިއްޖެ، އަހަރުމެންގެ ބައްޕަ އައީ ޒިޔަޒެލް ސަލާމަތް ކުރުމަށްޓަކައި، އޭރު ޒިޔަޒެލްގެ ގައިގާވަނީ ހުޅުހިފާފަކަމަށް ވަނީ. އެކަމަކު ނަސީބުތަންދިނީތީ އަހަރެމެންގެ ބައްޕައަށް ޒިޔަޒެލް ސަލާމަތް ކުރެވުނު، އެ ދޮންފުތުބޭ މަރުވީ އެއްފަޅި ވާގިނެތިފައި އޮވެ،  އަންހެން ކުއްޖާ ދިޔަކަމަށްވަނީ އެމުއްސަނދި ފިރިހެން ކުއްޖާއާ އިނދެގެން، އޭގެ ފަހުން ޒިޔަޒެލް އެއަންހެން ކުއްޖާގެ ވާހަކަދައްކައެއް ނޫޅޭ، ނޭނގެ އެއްގޮތަކަށްވެސް ޒިޔަޒެލްގެ ހިތުގައިވަނީ ކީކޭކަމެއް، އޭނާ އޭގެ ފަހުން މިތަނަށް އައީ، ދޮންފުތުބޭ އެހެން ޖިންނީންގެ އެހީގައި ޒިޔަޒެލްއާ އޭނާގެ ޢާއިލާ ހޯދަން މަސައްކަތް ކުރާތީވެ، އޭނާ އަބަދު އުޅެނީ ފޮތްތަކާ އެކިއެކި ޢިލްމު އުނގެނުމުގައި، އެއީ ޒިޔަޒެލްގެ ވާހަކަ އަކީ….” މީކާޢިލް ޝައުގުވެރިކަމާއެކު ވާހަކައަޑުއަހަން އިން ބަލްޤިސްއަށް ބަލާލަމުން ބުނެލިއެވެ.

“ބޭބޭ، އެހެންވީރު މިޒަރެންއަކީ ޒިޔަޒެލްގެ ކުއްޖެނޫން ދޯ؟” ބަލްޤިސް ވަރަށް ވިސްނަން އިނދެފައި އަހާލިއެވެ.

“އާން! ޒިޔަޒެލް ބުނިގޮތުގައި ދޮންފުތުބޭ ޒިޔަޒެލްގެ ކަންތައްތައް އޮޅުން ފިލުވަން ގެންގުޅުނީ މިޒަރެންގެ މަންމަ، އެޖިންނިއާ ޒިޔަޒެލްއާ ބައްދަލުވެ ޒިޔަޒެލްއަކީ ކާކުކަން އެނގުމާއިއެކު އޭނާ ވަފާތެރިވީ ޒިޔަޒެލްއަށް، އޭނާ ޒިޔަޒެލްގެ ގާތުން އެދުނީ އޭނައަށް ކަމެއް ދިމާވެއްޖެނަމަ އޭނާގެ ދަރިފުޅު، މިޒަރެން ބަލާދިނުމަށް، މިޒަރެންގެ މަންމަ މަރާލީ ވެސް ދޮންފުތުބޭ ކަމަށްވަނީ އަދި އެއްފަޅި ވާގިނެތުނީވެސް މިޒަރެންގެ މަންމަ އާއިހެދިކަމަށް ވަނީ” މީކާޢިލް ބަލްޤިސްއަށް ހުރިހާ ވާހަކައެއް ކިޔާދިނެވެ.

ޒިޔަޒެލް އަށް ކުރަމުންއައި އިންތިޒާރު ނިމުމަކަށް އައެވެ. ކުރި މަތިން ހިނގާލާފައި އަންނަ ޒިޔަޒެލް ފެނުމުން ބަލްޤިސްގެ ދެލޯ ބޮޑުވެގެން ދިޔައެވެ. އޭނަ ދުވަހަކު ވެސް އެކަހަލަ ޖިންނިއެއް ނުދެކެވެ. ޒިޔަޒެލްގެ ރީތި މޫނުގެ ސިފަވަނީ ގެއްލިފައެވެ. އެއްފަރާތް އެއްކޮށް ހުރީ ހަންގަނޑު ދިޔާވެގެން ފައިބައިފާވާ ފަދަ ގޮތަކަށެވެ. އެކަމަކު މޫނުގެ ވާތް ފަރާތްހުރީ ވަރަށް ރީތިކޮށެވެ. ވާތު ލޮލުގައިވާ ރަތްކަޅީގެ ބެބުޅުން ފެނިފައިވެސް އޭނާގެ ރީތިކަން މިހާރުވެސް ފާޅުވެއެވެ. ބަލްޤިސްގެ ހިތުގައި ހަމްދަރުދީ އުފެދުނެވެ.

“މީކާޢީލް، ތިހިރެގެން ފުރިހަމަ ޒުވާނަކަށްވީނު، ކިހިނެއްތަ؟” ޒިޔަޒެލް އައިސް މީކާޢިލްއާއި ކޮނޑާ ކޮނޑުޖައްސާ ސަލާމުކުރިއެވެ. ބަލްޤިސް ހައިރާންވެފައި ބަލަން ހުއްޓެވެ. މީކާޢިލް ބުނީ ހަމަތެދެއްކަން ބަލްޤިސް ހިތަށްއެރިއެވެ. ޒިޔަޒެލް އަށް ބަލާލާފައި އޭނާއަކީ އެތަކެއްހާސް އަހަރުވެފައިވާ ޖިންނިއެކޭ ނުބުނާނެއެވެ.

ޒިޔަޒެލް، މީކާޢިލްގެ ގައިން ދެތިން ފަހަރު ވަސްގަނެލިއެވެ. އަދި އޭނާގެ މޫނުމަތިން ހިނުތުންވުން ފާޅުވެގެން ދިޔައެވެ. އަދި އޭނާގެ ގެއަށް އެމީހުން ވެއްދިއެވެ. އެތަނުގައި ވަނީ އެކި ވައްތަރުގެ ހިލަކޮޅުކޮޅާ، ފަތްޕިލާވެލީގެ ސާމާނުތަކެވެ. އަދި ޒިޔަޒެލް ލިޔަން ގެންގުޅޭ ފޮތްތަކާއި މަޢުލޫމާތުގެ ފޮތްތަކެވެ. އޭނަ ބަލްޤިސް އައިކަން ފާހަގަ ކުރިއެވެ. ބަލްޤިސް ގާތު އޭނަގެ ބޭބެއަކީ މޮޔައެކޭ ޒިޔަޒެލް ބުނެލިއެވެ. އަދި މީކާޢިލްއަށް ބަލާލަމުން އަޑުހަރުކޮށް ހޭންފެށިއެވެ. މިޒަރެންވެސް އެމީހުންނާއެކު ޒިޔަޒެލް ގާތުގައި އިނެވެ.

“ޒިޔަޒެލް އަހަންނަށް މަލާމާތް ކުރަނީތަ، އަހަންނަށް އެހީތެރިއެއް ނުވާނަންތަ؟” މީކާޢިލް ޒިޔަޒެލްއާ ސުވާލުކުރިއެވެ.

“އަހަރެން މީކާޢިލްއަށް މާލާމާތެއް ނުކުރަން، އެކަމަކު އަހަރެން ހިޔެއްވެސް ނުކުރަން މީކާޢިލް ތިފަދަ މޮޔަކަމެއް ކުރާނެއެކޭ، މީކާޢިލް، އަހަރެން ބޭނުމެއް ނޫން މީކާޢިލްއަށް އެއްވެސް ދެރައެއް ލިބޭކަށް، އެންމެ ރަނގަޅުގޮތަކީ ތިކަންތައް ހުއްޓާލާ އެނބުރި ޢާއިލާ ކައިރިއަށް ދިއުން” ޒިޔަޒެލް ހުނުންގަނޑު ހުއްޓާލަމުން ބުނެލިއެވެ. އޭނާ ބޭނުންވީ މީކާޢިލްއަށް ވިސްނާދިނުމަށެވެ. އޭނައަށް ޖެހިފައިވާ ހާލު މީކާޢިލްއަށް ޖެހިދާނެތީއެވެ. މީކާޢިލް އެކަން ކުރަން ކިތަންމެ ބޭނުންވިޔަސް އެކަމުގައި އެތަކެއް ގިނަގުނަ ހުރަސްތަކެއް މެދުވެރިވާނެތީއެވެ. އެކަމާ ހިތާމަ ކުރަންޖެހޭނެތީއެވެ. ހިތުގައި ފޮހެލަން ދަތި ލައްގަނޑެއް ލާނޭތީއެވެ.

“ޒިޔަޒެލް، އިހަށް އަހަރެންގެ ވާހަކަ އަޑުއަހާބަލަ” މީކާޢިލް ޒިޔަޒެލްއަށް އޭނާގެ ހާލަތު އޮޅުން ފިލުވަދޭން މަސައްކަތް ކުރިއެވެ.

“މައްސަލައެއްނެތް، މިޒަރެން، ކުއްޖާފުޅާ ކަލޭ ބަލްޤިސް ގޮވައިގެން ރަށުތެރެ ދައްކާލަން ދާން ބޭނުންތަ؟” ޒިޔަޒެލް މިހެން ބުނިއިރުވެސް މިޒަރެންހުންނާނީ އެފަދަ ކަމަކަށް ކެތްމަދުވެފައިކަން އެނގެއެވެ. މިޒަރެން އަވަސްއަވަހަށް ބޯޖަހާލިއެވެ. އަދި ބަލްޤިސްއަށް ބަލާލިއެވެ. ބަލްޤިސް ހުރީ ވަރަށް އުފަލުންނެވެ. އޭނައަށް ޒިޔަޒެލް ނުބިނިކަމުގައި ވިޔަސް ޒިޔަޒެލް ބޭނުންވަނީ އޭނާގެ ލޯބިވާ ބޭބެ މީކާޢިލް އާއިއެކު އެކަހެރި ވަގުތުކޮޅެއްކަން އެނގެއެވެ.

“މިޒަރެން ކަލޭގެ ހަވާލުގައި މަގޭކޮއްކޮ އެދަނީ އޭނައަށް ބަލާތި ކަލޭގެ އެހެން އިތުރު އެއްވެސް ކަމަށް ވުރެ ބޮޑަށް” މީކާޢިލް މިޒަރެންއަށް ބަލާލާފައި ބުންޏެވެ. ޒިޔަޒެލް އެދެކުދިން ދިޔަތަން ބަލަން ހުއްޓެވެ.

މީކާޢިލް އާއި ޒިޔަޒެލް އެކަނިވުމުން ވެގެން އުޅޭގޮތް ކިޔާދިނުމަށް މީކާޢިލް ކައިރިން ޒިޔަޒެލް އެދުނެވެ. މީކާޢިލް އެންމެ ސިކުންތެއްވެސް ބޭކާރު ކޮއްލުމަކަށް ނޭދެއެވެ. އެހެންވެ ޒިޔަޒެލްއަށް އޭނަގެ ލޯބީގެ ފަލްސަފާ ފެށުނުގޮތާއި އަދި އޭނައަށް މިހާރު ދިމާވެގެން އުޅޭ ނުރައްކަލުގެ ވާހަކަ ކިޔާދިނެވެ.

“އަހަރެން އެންމެފުރަތަމަވެސް ބުނަންބޭނުންވަނީ މީކާޢިލް ކަލެއަކީ ނަސީބުވެރިއެކޭ، އެކަމަކު ކަލެއަކީ ކުޅަދާނަ ބާރުގަދަ ފިރިހެނެއް، ވީއިރު އެކަމަށް ކުރިމަތި ނުލީ ކީއްވެ، އެއީ އަހަރުމެންގެ ތެރެއިން ކޮން ޖިންނިއެއްކަން އެނގޭތަ” ޒިޔަޒެލް ހައިރާންކަމާއެކު ބުނެލިއެވެ.

“ޒިޔަޒެލް، އަހަރެން ބިރުގަތީ އަހަރެންގެ އިންސިއަށްޓަކާ، އޭނަ ފެންނަންދެން ހުރިނަމަ އޭނައަށް އަހަރެންގެ ގާތުގައި ހުރި އިންސި ވެސް ފެންނާނެތީ، އެހެންވެ އަހަރެން އެތަނުން ދުރަށްދިޔައީ، އެކަމަކު އޭނާއަށް އެނގިއްޖެ މިޝަލް، އޭނަ މިޝަލްއަށް ކުދިކުދި ގޯނާ ކުރޭ، މިޝަލްއަށް އެކަމެއް އަދި ނޭނގޭ، އޭނާ ހީކުރަނީ ކަންނޭނގެ އެއީ އަހަރެންނޭ” މީކާޢިލްގެ މާޔޫސްކަން ޒިޔަޒެލްއަށް ފެނެއެވެ. އޭނާ މީކާޢިލްއަށް އެހީވުމަށް ނިންމިއެވެ.

“ހަމައެއްވެސް ކަމެއް ފާހަގައެއް ނުކުރެވުނުތަ، އަޅެ ވިސްނާލަބަލަ އަދި އެއްފަހަރު…..” ޒިޔަޒެލް މީކާޢިލްއަށް އެރޭ ފިނޮޅުން ފެނުނު ކަންތައްތަކަށް ވިސްނާލުމަށް ބުންޏެވެ.

“އާން! ތިހެންބުނީމަ މިހަނދާންވީ، އޭނަ އެތަނަށް ފޭބީ އަހަރުމެން ފައިބާގޮތަށް، އެކަމަކު އޭނާގެ ވަރައިން އަހަރުމެންގެ ހުންނަގޮތަށް ދެފަރާތުގައި އަލިކަމެއް ނެތް، ހަމައެކަނި ހުރީ އެއްފަރާތް ވަރަށް އަލިގަދަވެފައި، ޒިޔަޒެލް، އަނެއްކާ…. އަހަންނަށް މިހީވަނީ ރަގަޅަށްބާ” މީކާޢިލް އޭނާއަށް ފާހަގަކުރެވުނު ކަންތައްތައް ކިޔާދެމުން ކުއްލިއަކަށް ޒިޔަޒެލް އާއި ހަތަރުކަޅި ހަމަކޮށްލިއެވެ.

“އާން! ތިހީވީ ހަމަ ރަނގަޅަށް” ޒިޔަޒެލްއަށް މީކާޢިލް އަށް އެއީ ކޮންކަހަލަ ޖިންނިއެއްކަން އެނގިއްޖެކަން އެނގުނެވެ.

“ޒިޔަޒެލް، އަހަންނަށް އެމީހުންގެ ތެރެއިން އެކަންއެކުރަނީ ކާކުތޯ ބަލާދީ، ޔަގީނުންވެސް އޭނަ ފަހަތަކަށް ނުޖެހޭނެ، އަހަންނަށް އޭނާގެ މައްޗަށް ގަދަވެގަންނަން އެހާ ފަސޭހައެއްވެސް ނުވާނެ، އެބައިމީހުންނަކީވެސް އަހަރުމެންގެ ބައެއް ބާރުތައް ލިބިފައިވާ ބައެއް، ޒިޔަޒެލް، އަހަރެންގެ އިންސި ސަލާމަތްކޮށްދީ، އަހަރެން ބޭނުމެއް ނޫން މިފަދަ ކަމެއް ދެން ތަކުރާރު ވާކަށް ވެސް” މީކާޢިލް އޭނާގެ ބޭނުން ހާމަކުރިއެވެ.

“މީކާޢިލް ތިއެދެނީ ވަރަށް ބޮޑުކަމަކަށް، އެކަމަކު އަހަރެން ތިކަން ކޮށްދޭން ބޭނުން، އަހަރެން މީކާޢިލްގެ އިންސިއަށް އެހީވެދޭނަން، އަހަރެން މީކާޢިލްއަށް ކުރީބައިގައި ތިގުޅުމުގެ ސަބަބުން މެދުވެރިވެދާނެ ދެރައެއްގެ މަތިން ހަނދާންނުކޮށްދެއެކޭ ނުބުނެވޭނެ” ޒިޔަޒެލް މީކާޢިލްއަށް ބުނެލިއެވެ.

“ޒިޔަޒެލް، އަހަރެން އެންމެ ކުޑައިރުއްސުރެ ކަލޭގެ ފަހަތުން ކަލޭކުރާ ކަންތައްތައް ބަލައިގެން އުޅުނަސް އަހަރެންގެ ލޯބި އިންސިއަކަށް ދެވުނީ ކަލޭގެ ފިޔަވަޅުމަތިން ހިނގުމުގެ ބޭނުމަކު ނޫން، ތަޤްދީރުގައި އަހަންނަށް އޭނައާ ދިމާވާން އޮތުމުން، އަހަރެންގެ އެއްވެސް ޢަމަލަކަށް ޒިޔަޒެލް ޒިންމާވާކަށް ނުޖެހޭނެ، އަހަންނަކީވެސް މިހާރު ފުރާފުރިހަމަވެފައި ހުރި ހެޔޮވިސްނޭ މީހެއް، އަހަންނަށް އެ އިންސިއާ، އަހަންނާ އަހަރެންގެ އާއިލާ މީހުން ނޫން އެހެން ހުރިހާ ޖިންނިއަކަށް ކައިރިނުވެވޭގޮތް ހަދައިދީ، އަހަންނަށް އެނގޭ މިއެދެވެނީ ބޮޑުކަމަކަށްކަން، ޒިޔަޒެލް، އަހަންނަށް މިކަންތައް ކޮށްދީ، އަހަރެން ޒިޔަޒެލް ބުނާ ކޮންމެކަމެއްވެސް އެކަމަށްޓަކާ ކޮށްދީފާނަން” މީކާޢިލްގެ ވާހަކައިން އޭނާ މިޝަލް ހިމާޔަތްކުރުމަށް އަދި އޭނާދެކެ ލޯބިވާވަރު ޒިޔެޒަލްއަށް ހާމަވެގެން ދިޔައެވެ.

“މީކާޢިލް، މިހިރަ މޮޔަ ކުއްޖާ، އަހަރެން ކަލޭގެ އަތުން އެއްޗެއް ބޭނުމެއްނޫން، އަހަރެން ތިކަންތައް ކޮއްދޭނަން، ތިކަންތައް ކުރުމަށް އަހަންނަށް ދެހަފްތާ ބޭނުންވާނެ، އަނެއްކޮޅުން މީކާޢިލް އަހަރެން ކައިރީ ހުރެގެން ނޫނީ އެކަންތަކެއް ނުކުރެވޭނެ، މީކާޢިލް ތިބުނިހެން ތިއިންސި ރައްކާތެރިކުރުމަށްފަހު ނޫނީ އެޖިންނިއާ ކުރިމަތިލުން އެއީ ބުއްދިވެރިކަމެއް ނޫން، ކުރިއަށް ގެންދަންވީއިރެއް މީކާޢިލް އަހަރެން ކައިރީ ބުނޭ” ޒިޔަޒެލްގެ ޖުމްލަތަކުން މީކާޢިލްގެ ހިތް އިތުރަށް ނުތަނަވަސް ކުރުވިއެވެ. ހަދާނެ ގޮތަކާއިދޭތެރޭ މީކާޢިލްއަށް ވިސްނާލެވުނެވެ. އޭނައަށް މިޝަލް އާއި ދުރުގައި އެންމެ ދުވަހެއް ހުރުންވެސް އެއީ އުނދަގޫ ކަމެކެވެ. ވީއިރު ދެހަފްތާ ޒިޔަޒެލް ގާތު މަޑުކުރާނެ ގޮތަކާމެދު ވިސްނާލިއެވެ. ޒިޔަޒެލް އޭނާގެ ފޮތްތައް ހާވަން ހުއްޓެވެ. މިގޮތަށް ކަންތައް ނުކޮށް މީކާޢިލްއަށް މިޝަލް ސަލާމަތް ކުރެވޭކަށްވެސް ނޯންނާނެއެވެ. ފިޔަވަޅެއް ނާޅައިފިކަމަށްވާނަމަ ދުވަސްވާހެން އެޖިންނިގެ ގޯނާ ބޮޑުވާނެކަން މީކާޢިލްއަށްވެސް އެނގެއެވެ. އެކަމަކު އޭނާ މިޝަލް ބިރުގަންނަވާލާކަށްވެސް ބޭނުމެއްނުވެއެވެ.

މީކާޢިލް، ޒިޔަޒެލްއަށް ގޮވާލަމުން މާދަމާރޭން ފެށިގެން ކުރިއަށްގެންދަން ތައްޔާރުވުމަށް ބުނެލިއެވެ. ޒިޔަޒެލް ހިނުތުންވެލިއެވެ. އަދި އޭނާގެ މަސައްކަތަށް އެނބުރި ދިޔައެވެ.

“ޒިޔަޒެލް، އަހަރެން ބޭނުންވަނީ މިވަގުތު ބަލްޤިސް ގޮވައިގެން އެނބުރިދާން، އަހަރެން އަންނާނަން މާދާމާރޭ” މީކާޢިލް ކުއްލިއަކަށް ދާންބޭނުންވުމުން ޒިޔަޒެލް ހައިރާންވިއެވެ.

“ދެން ދަނީތަ” ޒިޔެޒަލްއަށް އަހާލެވުނެވެ.

“އާން! އަހަރެން މާދަމާ އައުމުގެ ކުރިން ނިންމަންޖެހޭ ވަރަށް މުހިއްމު ކަންތައްތަކެއް އެބަހުރި، އަދި އަހަރެންގެ އިންސިއަށް އަހަރެން އެހާ ދުވަސްވަންދެން ނުފެންނާނެކަންވެސް އަންގަން ބޭނުން” މީކާޢިލް ޒިޔަޒެލްއަށް އޮޅުން ފިލުވަދިނެވެ. ޒިޔަޒެލް އަށް މީކާޢިލް ބުނިއެއްޗެއް ވިސްނުނެވެ. އޭނާ މިޒަރެންނަށް ބަލްޤިސް ގެނައުމަށް ބުނަންވެގެން އެތާކައިރީ ހުރި ދަޅަކުން ހިކިފައިވާ ފަތެއްނެގިއެވެ. އަދި ލޯމަރާލައިގެން އެފަތް ދެއިނގިލިން ކުދިކުދި ކުރަމުން ތުންތަޅުވަމުން ދިޔައެވެ.

“ބަލްޤިސް، އާދޭ ދާން އަވަހަށް، ޒިޔަޒެލް އެބަ އަހަރުމެންނަށް ބޭނުންވޭ” މިޒަރެން ބުނިއެއްޗަކުން ބަލްޤިސް ހައިރާންވިއެވެ.

“ޒިޔަޒެލް ބޭނުންވާކަމެއް މިޒަރެންނަށް ކިހިނެތްތައް އެނގެނީ…….” ބަލްޤިސް ސުވާލުކޮށްލިއެވެ.

“އިހަށް ހިނގާދާން، ދާމަގުމަތީ އަހަރެން ކިޔާދޭނަން” މިޒަރެން މިހެން ބުނުމުން ބަލްޤިސް ވެސް އަވަހަށް މިޒަރެންނާއެކު ދާންފެށިއެވެ.

“ޒިޔަޒެލް އަހަރެންނަށް ދިނީ މި ކުޑަކުޑަ އޮނުކޮޅު، އެއީ އަހަރެން ވަރަށް ކުޑައިރު، އޭރު ނުބުނޭ އަހަރެން ކައިރީ  އެއީ ކީއްކުރާ އެއްޗެއްކަމެއް، އަހަރެންވެސް އޭތި ހަދާފައިވާލެއް ރީތިކަމުން ޒިޔަޒެލް އަހަންނަށް ދިން ހަދިޔާއެއްގެ ގޮތުގައި ގެންގުޅެނީ، މިހާރު މިއޮތީ އަހަރެން ފަށެއްހެން ކަރުގައި އަޅާފައި” މިޒަރެން ކަރުގައިއޮތް ފަށުގައި ލެވިފައިވާ ކުޑައޮނުކޮޅެއް ދައްކާލިއެވެ. އޭތިއޮތީ އޮރެންޖު ކުލައެއްގައެވެ.

“ތީހަމަ ތިއޮންނަ ކުލަތަ” ބަލްޤިސް ސުވާލުކޮށްލިއެވެ.

“ނޫން، އަސްލު މިއޮންނަނީ ދުވަސްވި އާދައިގެ އޮނު ހުންނަ ކުލައިގައި، މީގެ ކުލަބަދަލްވަނީ ޒިޔަޒެލް ހަދާގޮތަކުން، އޭނާ އަހަންނަށް ބޭނުންވެއްޖެނަމަ އަހަރެން ކޮންމެ ތަނެއްގައި ހުއްޓަސް މިއޮނުކޮޅުގެ ކުލަބަދަލްވޭ،  މިހާރު އޭނައަށް އެނގޭނެ އަހަރެން ހުރިތަންވެސް” މިޒަރެން ހީނލަމުން ބުނެލިއެވެ.

ބަލްޤިސް އާއި މިޒަރެން އައިސް މަޑުކޮށްލީ ބެރެބެދިގަސް ކުރިމަތީއެވެ. އޭރު މީކާޢިލް ހުއްޓެވެ. ޒިޔަޒެލްވެސް އޭރު މީކާޢިލް ކައިރިއަށް އަންނަނީއެވެ.

“ބަލްޤިސް ހިނގާދަމާ” މީކާޢިލްގެ ގާތުގައި ބަލްޤިސް އައިސް ހުއްޓުމުން ބުނެލިއެވެ. ޒިޔަޒެލް މިކާޢިލްއަށް މޮޔަކަމެއް ނުކުރުމަށް އަނެއްކާވެސް ނަސޭހަތްތެރިވިއެވެ. އަދި ބަލްޤިސްއަށް ބެރެބެދި މަލުން ހަދާފައިވާ ގުލްދަސްތާއެއް ދިނެވެ. ބަލްޤިސް މަލަށް ލޯބިކުރާވަރު ޒިޔަޒެލްއަށް އެނގޭތީއެވެ.

“ބަލްޤިސް ތިހުންނަނީ ހަމަ ކޮއިފުޅުގެ ބޮޑުދައިތަ ހުންނަގޮތަށް، ހަމަ އެސިފަ” ޒިޔަޒެލް ބަލްޤިސްގެ ނިތްކުރީގައި ބޮސްދިނެވެ. އެއާއިއެކު ބަލްޤިސް ނިކަންބޮޑަށް ހިނިތުންވެލިއެވެ. އޭނާ ހުރީ ޒިޔަޒެލްއާ ބައްދަލުވުމުން ވަރަށް އުފަލުންނެވެ. މީކާޢިލް، ޒިޔަޒެލްއާ ކޮނޑާކޮނޑުޖައްސާ ސަލާމް ކުރަމަށްފަހު މައްޗަށް އުދުއްސައިގަތެވެ.

މީކާޢިލް މަޑުކޮށްލީ މިޝަލްގެ ކޮޓަރީގެ ކުޑަދޮރު ހުރިފަރާތުގައި އޮތް ގަސްތަކުގެތެރެއަށެވެ. އެހިސާބުންވެސް މީކާޢިލްއަށް މިޝަލްގެ ވަސްދުވައެވެ. ބަލްޤިސް މީކާޢިލްގެ ކައިރީ މަޑުކޮށްލައިގެން ހުއްޓެވެ.

“ކޮއްކޯ، ބޭބެ މިއުޅެނީ ވަރަށް ބޮޑު ކަމަކަށް އެދެން، ކޮއްކޮ ނޫނީ މިއަދު މިކަންތައް ކޮއްދެވޭވަރުގެ އިތުރު މީހެއްނެތް، އެކަމަކު ކޮއްކޮއަށް ކުރިމަތިވެދާނެ ނުރައްކަލަކާމެދު ވަރަށް ކަންބޮޑުވޭ” މީކާޢިލް ބަލްޤިސްގެ އަތުގައި ހިފާލަމުން ބުންޏެވެ.

“ބޭބެ ބުނި ކޮންމެ ކަމެއް މިހިރީ ކުރަން ތައްޔާރަށް، ބޭބެ ކަހަލަ ހިތްވަރުގަދަ ކުއްޖެކޭ އަހަންނަކީ، ދެން ބުނެބަލަ، ބުނިކަމެއް ކޮށްދޭނަން” ބަލްޤިސް މީކާޢިލް ބުނަން ބެނުންވަނީ ކީކޭ ކަމެއް ނޭގެއެވެ. އެހެނަސް މީކާޢިލްއަށްޓަކާ އޭނާ ހުރީ ކޮންމެ ކަމެއް ކުރަންޖެހުނަސް ކުރާގޮތަށްކަން އަންގާދިނެވެ. މީކާޢިލް މިޝަލްގެ ގޭގެ ކުޑަދޮރަށް ބަލާލިއެވެ. އޭނައަށް މިޝަލް އުޅޭކަން އެނގެއެވެ.

“ބަލްޤިސް، ބޭބެއަށް ކޮއްކޮއާ އެއްވަރަށް މިޝަލް ވެސް މިހާރު މުހިއްމު، މިޝަލް އަކީވެސް ބޭބެގެ ދިރިއުޅުމުގެ އެއްބައިކަމުގައި ވެއްޖެ” މީކާޢިލް ބަލްޤިސް ގާތު އޭނާ ބޭނުންވާ ކަންތަކުގެ ވާހަކަ ބުނަން ޖެހިލުންވަނީއެވެ. ނަމަވެސް އެކޮއްކޮ ނޫނީ އިތުބާރު ކުރެވޭ ދެވަނަފަރާތެއް ނެތެވެ.

“ބޭބޭ އަހަރެން މިބުނީނު ކޮންމެ ކަމެއްވެސް ބޭބެއަށްޓަކާ ކޮށްދީފާނަމޭ، ދެން ބުނެބަލަ، ވެގެން އުޅޭ ގޮތެއް ނިކަން ކިޔާދީބަލަ” ބަލްޤިސް އަށްވެސް މީކާޢިލްގެ މޫނުމަތިން ނުތަނަވަސްކަން ފެނުނެވެ.

“ބަލްޤިސް، މިޝަލްއަކީ އިންސިއެއް އޭނައަށް އަހަރުމެންހެން ބާރުތަކެއް ލިބިފައެއްނުވޭ، ބޭބެ ފަދައިން އެހެން ޖިންނީންނަށްވެސް މިޝަލް ފެންނާނެ، ޒިޔަޒެލް ކައިރިއަށް ބޭބެ ދިޔަ ބޭނުމަކީ އެއީ، މިޝަލް ސަލާމަތް ކުރުމަށްޓަކައި، މިޝަލްގެ ފަހަތުންވަނީ އެހެން ޖިންނިއެއް އަޅައި ގަނެފައި” މީކާޢިލް ބަލްޤިސްއަށް ކިޔާދޭން ފެށިއެވެ.

“ދެން ބޭބެ، އޭނާގެ ދުވަސް ދުއްވާނުލީ ކީއްވެތަ، ބޭބެގެ މީހެއްނު މިޝަލްއަކީ، އެމީހުންނަށް އެކަން އެނގޭނެ، ޒިޔަޒެލް ބުނިތަ އެއީ ކާކުކަން، ނޫނީ ބޭބެއަށް އެނގޭތަ” ބަލްޤިސް މީކާޢިލްގެ ވާހަކަ ނުނިމެނިސް ބުނަންފެށިއެވެ. މީކާޢިލް ބަލްޤިސްގެ މޫނުގައި ހިފާލުމަށްފަހު އޭނަ ދައްކަން އުޅޭ ވާހަކަ ވަރަށް ރަނގަޅަށް އަޑުއެހުމަށް ބުންޏެވެ. މީކާޢިލް ވެގެން އުޅޭ ހުރިހާ ގޮތެއްގެ ވާހަކަ ބަލްޤިސްއަށް އޮޅުންފިލުވައިދިނެވެ. އަދި ޒިޔަޒެލްގެ އެހީއަށް ބޭނުންވަނީ މިޝަލް ރައްކާތެރިކުރަމަށްޓަކާކަން ބުނަމުން ދިޔައެވެ. ބަލްޤިސްގެ ލޯހުރީ  ބޮޑުވެފައެވެ. އޭނާގެ ބޭބެ ކުރިމަތި ލާން އުޅެނީ ކިހާވަރެއްގެ ކަމެއްކަން އެނގިފައެވެ. މީކާޢިލް ބަލްޤިސް ގާތު މިޝަލް ރައްކާތެރިކުރުމަށް އެދުނެވެ. މީކާޢިލްގެ އަމާނާތެއްގެ ގޮތުގައި އޭނާ ޒިޔަޒެލް ކައިރިން އެނބުރިއަންނަންދެނެވެ. އަދި އެދުވަސްކޮޅުގެ ތެރޭ އެކިއެކި ކަންތައްތައް ދިމާވާނެކަމުގައި ބުނެދިނެވެ. އެކަންތައްތަކަށް ހުޝިޔާރުވެ ހުރުމަށް ނަސޭޙަތްތެރިވިއެވެ.

“ބޭބެ ކަންބޮޑުނުވޭ، އަހަރެންގެ ހަށިގަނޑުގައި ފުރާނަހުރިހާ ހިނދަކު ބޭބެގެ މިޝަލްއަށް އެއްވެސް ކަމެއް ދިމާވިޔަކަ ނުދޭނަން” ބަލްޤިސް ޔަޤީންކަން ދެމުން ހިނިތުންވެލަން މަސައްކަތްކުރިއެވެ.

މީކާޢިލް ގަސްތަކު ތެރެއިން ބޭރަށް ޖެހިލިއެވެ. ރޭގަނޑުގެ ކަޅު އަނދިރީގައި ކުރިމަތިން ފެންނަންހުރި ކުޑަދޮރަށް މީކާޢިލް ބަލާލާފައި ހިނުތުންވެލިއެވެ. އެކުޑަ ދޮރުގެ އަނެއްފަރާތުގައި އެވަނީ މީކާޢިލްގެ ހިތުގެ ހިތްހަމަޖެހުމެވެ.

“ބަލްޤިސް، އާދޭ ކޮއްކޯ، މިއަދުމީ ކަލޭ މިޝަލް އާއި ބައްދަލުކުރަން އެންމެ އެކަށޭނެ ދުވަސް” މީކާޢިލް ބަލްޤިސްއަށް ބަލާލަމުން ބުނެލިއެވެ. އުފާވެރި ހިނިތުންވުމަކާއިއެކު ބަލްޤިސް، މީކާޢިލްއަށް ބަލާލިއެވެ. އޭނާ މިޝަލް އާއި ބައްދަލު ކުރަން ބޭނުންވެފައި ހުންނަތާ ވަރަށް ދުވަސްވެއްޖެއެވެ. އެކަމަކު މީކާޢިލްގެ ހުއްދައެއްނެތި އެކަންކުރަން ނުކެރިފަހުރީއެވެ. އަވަސް އަވަހަށް މީކާޢިލްގެ ގާތަށް އޭނާ ޖެހިލިއެވެ.

ކޮޓަރީގައި ޓީވީ ހުޅުވައިގެން އެނދުގައި އިށީދެލައިގެން މިޝަލް އިނެވެ. އޭނާގެ އަތުގައި ބަދަން އަޅާފައި ހުރި ކުޑަދަޅެއް އޮތެވެ. އޭނާ ޓިވީއަށް ބަލަހައްޓައިގެން އިންއިރު އެދަޅުން ފަހަރަކު ބަދަން ކޮޅެއް ނަގާއަނގައަށް ލައެވެ. މިޝަލް ކުއްލިއަކަށް ސިއްސައިގެން ދިޔަވަގުތު އަތުގައި އޮތް ބަދަން ދަޅު ތަޅުންގަޑުމައްޗަށް ވެއްޓުނެވެ. އޭނާގެ ދެލޯބޮޑުވެ އަނގަހުރީ ހުޅުވިފައެވެ. އޭނަގެ ކުރިމަތީ ހުރީ މީކާޢިލްއެވެ. އޭނައާއެކު އެހެރަ ރީތި އަންހެންކުއްޖަކީ ކާކުކަމެއް ނޭނގުނެވެ. އެފަދަ ރީތި އަންހެން ކުއްޖެއް މިޝަލް ދުވަހަކުވެސް ނުދެކެއެވެ. މިޝަލްގެ ހަޔާތުގައި ދުވަހަކުވެސް ފަތްމިނިންނެއް ނުދެކެއެވެ. އެކަމަކު އެފަދަ މީހުންގެ އަޑުވަނީ އަހާފައެވެ. ދުވަހަކުވެސް އެފަދަ ފަތްމިނިން އުޅުނުނަމަ ކުރިމަތީ ހުރި އަންހެން ކުއްޖަކީ ޔަގީނުންވެސް ފަތްމިންޏެކެވެ. އެހާވެސް ރީއްޗެވެ. މީކާޢިލްގެ ރީތިކަމާ އަޅާކިޔާލެވޭ ވަރުގެ ދެވަނަ މީހެއް މިޝަލްއަށް މިފެނުނީ މިއަދުއެވެ. އެއަންހެން ކުއްޖާ ގޮވައިގެން މީކާޢިލް އެއައީ ކިއްކުރަންބާއޭ މިޝަލްގެ ހިތަށް އަރަމުންދިޔައެވެ.

ބަލްޤިސްއަށް މިޝަލް ހައިރާންވެ އަންތަރީސްވެފައި އިން މަންޒަރު ފެނުމުން ލާނެތް ރާގަކަށް ހީނލިއެވެ.

“މީކާޢިލް…….” މިޝަލްއަށް ބުނާނައެއްޗެއް ނޭގުނެވެ.

“މިޝަލް، ކިހިނެއްތަ” މީކާޢިލް އަހާލިއެވެ. އެކަމަކު މިޝަލް އެއްވެސް ޖަވާބެއް ނުދިނެވެ. އޭނާއަށް ހަމަ ބެލެނީ ބަލްޤިސްއަށެވެ. މީކާޢިލް ވެސް ހީނލިއެވެ. އަދި މިޝަލްގެ ކައިރިއަށް ޖެހިލިއެވެ.

“މިޝަލް، މިރޭ އަހަރެން މިޝަލްއާއި އަހަރެންގެ ވަރަށް ޚާއްޞަ މީހަކާ ބައްދަލު ކޮށްދޭން ބޭނުން، އެނގޭތަ އެހެރީ ކާކުކަން، އެއީ ބަލްޤިސް، އަހަރެންގެ ކޮއްކޮ” މީކާޢިލް ބަލްޤިސް ދައްކާލަމުން މިޝަލްއަށް އޮޅުންފިލުވާދިނެވެ. މިޝަލްގެ މޫނުމައްޗަށްވެސް ހިނިތުންވުމެއް ވެރިވުމާއިއެކު ލިބިފައިވާ ހައިރާންކަން ފިލައިގެން ދިޔައެވެ. އޭނާ އެނަން ކުރިންވެސް އަޑުއެހިއެވެ. މިޝަލް މީކާޢިލްއަށް ބަލާލިއެވެ. އަދި ތަޅުންގަނޑުމައްޗަށް ވެރިފައިހުރި ބަދަންކޮޅުތައް ނަގަން އަވަސްވެގަތެވެ.

“އަހަރެން ނަގާދެންތަ” ބަލްޤިސް ބުނެލިއެވެ. މިޝަލް އޭނައަށް ހިނިތުންވެލިއެވެ. ބަލްޤިސް ހުރިހާ ބަދަންކޮޅުތައް ނަގާ ދަޅަށް އަޅަމުން ދިޔައިރު އޭނަގެ ހަރަކާތް ވަރަށްއަވަހެވެ. އެއީ އިންސާނެއްގެ ޢަމަލެއް ނޫނެވެ.

“އަހަންނަށް… އަހަންނަށް ކިޔަނީ މިޝަލް” މިޝަލް ބަލްޤިސްގެ އަތުގައި އޮތްދަޅު ބަހައްޓަމުން ސަލާމްކޮށްލަން އަތްދިއްކޮށްލިއެވެ. ބަލްޤިސް އަވަހަށް މިޝަލްގެ އަތުގައި ހިފިއެވެ.

“މީހާރު ދެންމި ރަޙްމަތްތެރިވެވުނީނު، އަހަރެން ހާދަ ދުވަހެއް ވެއްޖެއޭ ދައްތަދެކިލާހިތުން އުޅޭތާ، ދައްތައަކީ މިހާރު އަހަރުމެންގެ ޢާއިލާގެ މެމްބަރެއް، ދެން އެންމެރަގަޅުތަ ދައްތަ ކައިރިއަށް މިގެއަށް އައިސް އުޅުނަސް” ބަލްޤިސް އޭނާގެ ވާހަކަތައް ދައްކަމުން ދިޔައެވެ. މިޝަލް ހުރީ އޭނާ އުޅޭގޮތުން މަޖާވެފައެވެ. އޭނައަށް ބަލްޤިސް ވަރަށް ކަމުދިޔައެވެ. އިރުއިރު ކޮޅާ މިޝަލް ހީގަނެވެ. މިމަންޒަރުބަލަން މީކާޢިލް އިނެވެ.

“ބަލްޤިސް، ދެން ހޮޔަ، ދެން އެހެން އިރަކުން ބަލްޤިސްގެ ވާހަކަތައް ކިޔާދޭން އާދޭ، މިވަގުތު ބޭބެ ބޭނުންވަނީ މިޝަލްއާ އެކަނި ވާހަކަދައްކާލަން، އެކަމަކު މާދުރަށް ނުދައްޗޭ، ބޭބެ ގޮވާލައިފިނަމަ އަޑުއިވޭ ހިސާބުގައި އުޅެއްޗޭ” މީކާޢިލް ބޭނުންވީ މިޝަލްއާއެކު ވަގުތުކޮޅެއް ހޭދަކޮށްލާށެވެ. މީކާޢިލްގެ އެދުމަށް ބަލްޤިސް ގެއްލުނެވެ. މިޝަލް މިކާޢިލްއަށް ބަލާލިއެވެ.

“އާދެބަލަ” މިކާޢިލް މިޝަލްއަށް އަތްދިއްކޮށްލިއެވެ. މިޝަލް އެއަތުގައި ހިފިއެވެ. މީކާޢިލް މިޝަލްގެނެސް އޭނަގެ މޭގައި ބޮނޑިކޮށްލިއެވެ. އިސްތަށިގަނޑުގައި އެތަކެއް ފަހަރު ބޮސްދިނެވެ.

“މީކާޢިލް” މިޝަލްއަށް މިކާޢިލް ލޯބިވާވަރު އިޙްސާސް ކުރެވެއެވެ.

“މިޝަލް، އަހަރެން މިޝަލްއާއި ދުރަށް ދާން އެބަޖެހޭ” މީކާޢިލް ގެ ޖުމްލަ ނުނިމެނިސް މިޝަލް މީކާޢިލް އާއި ދުރަށްޖެހިލިއެވެ. އަދި ދެލޯ ބޮޑުކޮށްލަމުން މީކާޢިލްގެ މޫނަށް ބަލާލިއެވެ.

“ނޫން! ނޫން! ތި ހީކުރާފަދަ ގޮތަކަށް ނޫން، އަހަރެން މިޝަލްގެ ދިރިއުޅުމުން ދުރަށްދާ ވާހަކައެއްނޫން ބުނަންމިއުޅެނީ، އެހެންނޫނަސް އަހަންނަށް މިޝަލްއާއި ނުލާ މިހާރު ދިރިއުޅުމުގެ ދަވަސްތައް ހޭދަކުރާހާ ހިތްވަރެއްނެތް، މިޝަލް، އަހަރެންވެސް ކުރަންޖެހޭ ކަންތައްތައް ހުންނާނެ އެންނު ދޯ، އެހެންވެ ބޮޑުކަމެއް ކުރަން ޖެހިގެން މިއުޅެނީ، އެކަމުގައި އެޅެންޖެހިފައި ވުމުން އަހަރެން ދެހަފްތާ ވަންދެން މިޝަލްއަށް ނުފެންނާނެ ވާހަކަ ބުނަން މިއުޅެނީ” މީކާޢިލް އޯގާތެރިކަމާއެކު ބުނެލިއެވެ.

“މީކާޢިލް، އަހަރެން ވަރަށް މިސްވާނެ، ދެން ނުދޭ ޕްލީޒް” މިޝަލް މީކާޢިލްގެ މޭގައި މޫނު ފޮރުވާލަމުން ބުނެލިއެވެ.

“މާގިނަ ދުވަހެއް ނޫނޭ އެއީ، މިޝަލްގެ ގާތުގައި ބަލްޤިސް އުޅޭނެ، އޭނަ މިޝަލް ފޫހިވިޔަކަ ނުދޭނެ، އަހަރެން ކޮންމެހެން ދާން ޖެހިގެން މިދަނީ މިނޫން އެހެން ގޮތެއް ނެތިގެން، ޤަބޫލުކުރަން ދޯ އެކަން” މީކާއިލް، މިޝަލްގެ މޫނުގައި ހިފާލަމުން ބަލާލިއެވެ. އެވަގުތު މިޝަލްގެ ލޮލުން ކަރުނައިގެ އަސަރު ފެންނަން ހުއްޓެވެ. މިޝަލް މީކާޢިލްގެ ވާހަކަތައް ޤަބޫލުކުރިއެވެ.

މީކާޢިލް، މިޝަލް އޭނާގެ އަތްދަނޑިމައްޗަށް އުފުލާލިއެވެ. އަދި މަޑު މަޑުންގެނެސް އެނދުގައި ބާއްވާލިއެވެ. އޭނާ އެނދުކައިރީ މިޝަލްއާ ވާހަކަދެއްކުމަށް އިނެވެ. ވެގެން އުޅޭ ގޮތެއް މިޝަލްއަށް ކިޔާދޭކަށް ބޭނުމެއްނުވިއެވެ. އޭނާ މިޝަލްއަށް ބަލްޤިސްގެ ވާހަކަތައް ކިޔާދެމުން ދިޔައެވެ. އަދި ބަލްޤިސް މިޝަލްއަށް ދެރަގޮތެއް ނަހާދާނެ ކަމުގެ ޔަގީންކަން ދިނެވެ. މިޝަލްއަށް އެހެން އޮއްވާ ނިދުނީއެވެ. މީކާޢިލް މަޑުމަޑުން މިޝަލްގެ އަތުތެރެއިން އޭނަގެ އަތްތިލަ ނެގިއެވެ. އަދި ކުޑަދޮރު ކައިރިއަށް ގޮސް ބަލްޤިސްއަށް ގޮވާލިއެވެ. ހަމަ ގޮވާލުމާއެކު ބަލްޤިސް ހުރީ މިޝަލްގެ ކޮޓަރި ތެރޭގައެވެ.

“އިރުއެރުމުގެ ކުރިން ބޭބެ ދާން މިދަނީ، ކޮންމެސް މިޝަލް ކައިރީ ނުބުނައްޗޭ މިވެގެން އުޅޭ ގޮތެއް، އޭނަ އެއްވެސް ކަމަކާ ބިރުގަންނާކަށް ބޭބެ ބޭނުމެއް ނޫން، ކޮއްކޮ ބަލައިގެން އުޅެއްޗޭ، ތަފާތު ކަމެއް ފާހަފަ ކުރެވިއްޖެނަމަ އެކަމަކަށް ސަމާލުވައްޗޭ” މީކާޢިލް ބަލްޤިސް ކައިރީ ބުނަމުން ދިޔައެވެ. އޭނާގެ އެންމެ ލޯބިވާ ދެމީހުންނަށް ކަމެއް ވެދާނެތީ އެކަމާ ބިރުގަންނަނީއެވެ. މީކާޢިލް ބަލްޤިސް އާއި ކޮނޑާކޮޑު ޖައްސާ ސަލާމް ކުރުމަށް ފަހު ގެއްލިޖެއެވެ.

ޒިޔަޒެލް ހުރީ މީކާޢިލްގެ އިންތިޒާރުގައެވެ. އޭނާގެ ގޭތެރޭގައި ދެކޮޅަށް ހިނގާލަ ހިނގާލަ ހުއްޓެވެ. މީކާޢިލްގެ ވަސް އޭނަގެ ނޭފަތުގައި ޖެހޭކަށް މާގިނައިރެއް ނުނެގިއެވެ.

“ޒިޔަޒެލް….” މީކާއިލް ޒިޔަޒެލްއަށް ގޮވާލިއެވެ.

“ތި އައީދޯ…….އަހަރެން މިހިރީ ހުރިހާ އެއްޗެއް ތައްޔާރުކޮއްފަ، އެކަމަކު މިރޭ ފެއްޓޭނީ، އަހަރެން މީކާޢިލް އުފާވާނެ ޚަބަރެއް ދެންތަ” ޒިޔަޒެލް މީކާޢިލްއަށް ބަލާލަމުން ބުނެލިއެވެ.

“އާން! އަވަހަށް ބުނެބަލަ” މީކާޢިލްއަށް ޒިޔަޒެލް ޔަގީނުންވެސް ދޭންއެއުޅެނީ ރަނގަޅު ޚަބަރެއްކަން އެނގެއެވެ.

“މީކާޢިލް ތި ހޯދާ ޖިންނީގެ ނަން ރޭގަ އަހަންނަށް މިތަނުން ޖިންނިއެއް ގެނެސްދީފި، އޭނާގެ ނަމަކީ ރޫފަސް، މީކާޢިލް، އިށީނދޭ، އަހަރެން ކަލެއަށް ހުރިހާ އެއްޗެއް އޮޅުން ފިލުވަދޭނަން…” ޒިޔަޒެލް ބޭނުންވީ ރޭގަނޑު މަސައްކަތަށް ފަށަންވާއިރަށް މީކާޢިލްއަށް ހުރިހާ ވާހަކައެއް ކިޔާދިނުމަށެވެ.

މިޝަލް ލޯއުނގުޅާލަމުން އެނދުން ތެދުވިއެވެ. އޭނަ ދިޔައީ ސިއްސައިގެންނެވެ. ޑްރެސިންގ ޓޭބަލްގެ ގޮޑީގައި އެއްފައި މައްޗަށް އަނެއްފައި ލައިގެން ކަކުލުގައި ވިއްދާލާފައި ހުރިއަތުގައި ދަތްދޮޅި އަޅުވާލައިގެން ހެވިފައިއެއިނީ ބަލްޤިސް އެވެ.

“ބަލްޤިސް….” މިޝަލް އަށް އެނދުގައި އިށީދެވުނެވެ. ބަލްޤިސް ގޮޑިން ތެދުވެ މިޝަލްއާއި ވާހަކަދައްކަން ފެށިއެވެ. މިޝަލް އޭނާގެ ވާހަކަ މެދުކަނޑާލިއެވެ. އެއީ އޭނަ ފާޚާނާއަށް ވަދެ ތާޒާވެލުމަށެވެ.

މިޝަލް ފާޚާނާއިން ނުކުތްއިރު ބަލްޤިސް ކުޑަދޮރުން ބޭރު ބަލަން ހުއްޓެވެ. އެތަން ފެނިފައި މީކާޢިލްގެ މަތިން މިޝަލް ވަރަށް ހަނދާންވިއެވެ. އެކަމަކު އެކަން ބަލްޤިސްއަށް އަންގާކަށް ބޭނުމެއްނުވިއެވެ.

“ބަލްޤިސް” މިޝަލް ބަލްޤިސްއަށް ގޮވާލިއެވެ.

“ލައްބަ” ބަލްޤިސް ހިނިއައިސްފައި މިޝަލްއަށް ބަލާލިއެވެ.

“ބަލްޤިސްގެ އުމުރަކީ ކޮބާ؟” މިޝަލް ބަލްޤިސްގެ އިސްކޮޅަށާ ރޫފައަށް ބަލާލަމުން އަހާލިއެވެ. ބަލާބެލުމަށް އޭނަ ހުންނަނީ ހަރުއަންހެން ކުއްޖެއްގެ ގޮތުގައި އެކަމަކު އޭނާގެ އުޅުންހުރީ ޅަކުއްޖެއްގެ ހުންނަގޮތަށެވެ.

“އަހަންނަށް ތޭރަ އަހަރުފުރިއްޖެ، އަހަންނަށް އެނގޭ ދައްތަ ކީއްވެގެންކަން ތިއެހީ…..އަހަރެން ހުންނަލެއް ބޮޑުކަމުން ދޯ، އެނގޭތަ މީ އަހަރުމެން ތިބޭގޮތް، ވަރަށް ބޮޑެތި ވާނެ” ބަލްޤިސް ހޭންފެށިއެވެ. އޭނަ އެބުނީ ތެދެކެވެ. މިޝަލްގެ ހިތައް އެހެން އެރިއެވެ. ބަލްޤިސްގެ އުމުރާ އޭނާގެ ހަށިގަނޑަކާ އެކެއްނުވެއެވެ. އެހެނަސް އެމޫނަށް ބަލާލުމުން މައުސޫމްކަން ފާޅުވެއެވެ. ހިނިތުންވުމެއް ނޫނީ ނުފެނެއެވެ. އޭނަގެ ބޭބެ މީކާޢިލް ގޮތަށެވެ. ބަލްޤިސް އަކީ އަނގަގަދަ ކުއްޖެކެވެ. އެކަމަކު މިޝަލްއަށް އޭނަ ވަރަށް ކަމުދިޔައެވެ.

ބަލްޤިސް ދިޔައީ އޭނާ އިރުއޮއްސޭކަން ހާއިރު އަންނާނެކަމަށް ބުނެފައެވެ. މިޝަލްގެ ޑިއުޓީ އޮތީ ރޭގަނޑުއެވެ. އޭނަ ސައިބުއިމަށް ކޮޓަރިން ނުކުންނަމުން ކޮޑަދޮރު ލައްޕާލިއެވެ. އަދި ނުކުންނަން ހިނގައިގަތް ވަގުތު ކުޑަދޮރުގެ ބިއްލޫރިގަނޑުގައި ވަރަށް ބާރަށް އެއްޗެއް ޖެހުނުއަޑުއިވުނެވެ. މިޝަލްއަށް ފަސްއެނބުރި ބަލާލެވުނެވެ. ކުޑަދޮރުކައިރިއަކު އެކައްޗެއްވެސް ފެންނާކަށް ނެތެވެ. މިޝަލް ކުޑަދޮރު ހުޅުވާލިއެވެ. ބޭރު ބަލާލިއެވެ. ނަމަވެސް އެއްވެސް އެއްޗެއް ނުފެނުނެވެ. އެހެންވެ އިހު ހުރި ގޮތަށް ކުޑަދޮރު ތަންޑުއެޅިއެވެ. އެވަގުތު މިޝަލްގެ ލޮލުގައި އަޅައިގަތީ ބިއްލޫރިގަނޑުގައި ހުރި ފިނިއަތްތިލައެއްގެ ނިޝާނެވެ. މިޝަލް ވަރަށް ހައިރާންވިއެވެ. ބަލްޤިސްގެ އަތްތިލަ ބާއޭ މިޝަލްގެ ހިތަށްއެރިއެވެ. މިޝަލްއަށް އޭނާގެ އަތްނަގާ އެއަތްތިލާގެ ނިޝާނުގައި ޖައްސާލެވުނެވެ. ކީއްވެކަމެއް ނޭނގެއެވެ. އޭނާގެ ކަނދުރާގައިވާ ލޯލިތައް ކޮޅަށްޖެހި ނުރައްކަލެއްގެ އިންޒާރުދޭފަދަ އިޙްސާސްތަކެއް ކުރުވިއެވެ. އެހެންވެ އަވަހަށް މިޝަލް އޭނާގެ އަތްތިލަ ދުރަށްލިޔެވެ. އަދި އަވަސް ފިޔަވަޅުތަކެއްގައި ކޮޓަރިން ނުކުތެވެ.

ކޮޓަރިން ނުކުތް މިޝަލް ޖެހުނީ ސާޝާގެ ގައިގައެވެ.

“އޯ! ސޮރީ….ސޮރީ….” މިޝަލްއަށް ވަގުތުން ބުނެލެވުނެވެ.

“ޝެބީ….” ސާޝާގެ އަޑުއިވުނެވެ. ސާޝާ ކިހިނެއްވީތޯ އަހާލީ މިޝަލް ކޮޓަރިން މާއަވަސް އަރުވާލާފައި ނުކުތުމުންނެވެ. ހީވަނީ ބިރެއްފެނިގެން ނުކުތްހެންނެވެ. ނަމަވެސް މިޝަލް، ސާޝާ ހަމަޖައްސާލިއެވެ. ސާޝާ ދިޔައީ ހަފްސާގެ ކޮޓަރިއަށެވެ. އޭނާގެ އަތުގައި ފާޚާނާ ސާފުކުރާ ސާމާނު ހުއްޓެވެ. މިޝަލްވެސް އޭނަގެ ފަހަތުން ހަފްސާގެ ކޮޓަރިއަށް ވަނެވެ. އޭރު ހަފްސާ ލޯގަނޑުކުރިމަތީ ތައްޔާރު ވުމަށް ހުއްޓެވެ.

“މޯނިންގ” މިޝަލް ހަފްސާއަށް ބުނެލިއެވެ. ހަފްސާ ހިނިތުންވެލަމުން ބަލާލިއެވެ. ލޮލުގައި އަދުން އަޅަން ގެންގުޅުނު ފަންސޫރު އަތްދަބަހަށްލަމުން ހަފްސާ މިޝަލްގާތު ސައިބޮނީ ކޮންއިރަކުންތޯ އަހާލިއެވެ.

ހަފްސާ އޭނާގެ މަސައްކަތައް ދިއުމުން ގޭގައި މިޝަލް އެކަނީވީއެވެ. ސާޝާ އެއްކަމެއް ކޮއްލާފަ އަނެއްކަމެއް ކޮއްލާފަ އުޅެއެވެ. ޓޯސްޓު ކޮށްފައި އޮތް ދެފޮތިޕާން ތައްޓަކަށްލައިގެން މިޝަލް ސިޓިންގ ރޫމު ޓީވީ ބަލަން އިނެވެ. މިޝަލްއަށް އޭނަގެ ފޯނުގެ ރިންގުގެ އަޑުއިވޭހެން ހީވެއެވެ. އެކަމަކު އޭނައަށް ޔަގީނެއްނުވެއެވެ. އެހެންވެ ސާޝާ ގާތު ފޯނު ގެނެސް ދިނުމަށް ބުންޏެވެ.

ގަނޑުވެފައި ހުރި މަސްތަކުގެ އައިސް ފިލުވުމަށް ތައްޓަކަށްލުމަށްފަހު ސާޝާ ހިނގައިގަތީ މިޝަލްގެ ކޮޓަރިއާ ދިމާލަށެވެ. އޭނަ މިޝަލްގެ ކޮޓަރި ދޮރުހުޅުވާލުމަށް ތަޅުގައި ހިފިތަނާ ހީވީ އޭނަގެ ކަންފަތް ބުޑުގައި މީހަކު ބިރުވެރިއަޑަކުން ހަޅޭއްލަވައިގަތްހެންނެވެ.

“ޝެބީ……..” ސާޝާއަށް ހުރެވުނުތަންވެސް ނޭނގުނެވެ. އޭނާ އަޑުގެ ނެތްތަނަށް ހަޅޭލަވައިގަތެވެ. އެއަޑަށް މިޝަލް ސިއްސައިގެންގޮސް އަތުންޖެހި މޭޒުމަތީ ހުރި ޖޫސްތަށި ވެއްޓުނެވެ. ނަމަވެސް އެވަގުތު މިޝަލްއަށް އުޅެވުނީ ސާޝާއަށް ވީގޮތެއް ބަލާށެވެ. އޭރު ގޭގައި އުޅޭ އަބޭވެސް ވީ ބޭރަށްގޮހެވެ. މިޝަލް އާއި ސާޝާ ނޫން އެހެން ބައެއް ގެއަކު ނޫޅެއެވެ.

“ސާޝާ، ހޭ! އާރ ޔޫ އޯކޭ” މިޝަލްއަށް ސާޝާ އާއިހަމައަށް ދެވުނުއިރު އޭނަހުރީ މިޝަލްގެ ކޮޓަރިދޮރާދިމާލަށް ބަލަހައްޓައިގެން ދެކަންފަތުގައި އަތްއަޅައި ގެންނެވެ. އޭނަ ހުރީ ކޮންމެވެސް ކަމަކާ ބިރުގަންފައިކަން މިޝަލްއަށް އެނގުނެވެ. އަނެއްކާ ބަލްޤިސް ކޮޓަރިން ފެނުނީބާއޭ މިޝަލްގެ ހިތައްއެރިއެވެ.

“ވަޓް ހެޕެން؟ ސާޝާ…ހޭ…ސާޝާ” މިޝަލް ސާޝާގެ ކޮނޑުގައި ހިފާ ތަޅުވާލަމުން އަހަންފެށިއެވެ. ސާޝާ ވާހަކަދެއްކިއިރު އޭނާގެ އަޑު ވެސް ބިރުންގޮސް ތުރުތުރުލައެވެ.

“ސާޝާ އާރ ޔޫ ޝުއަރ” މިޝަލްއަށް ގަބޫލްނުކުރެވިގެން އަހާލެވުނެވެ. އެހާބަރަށް މީހަކު ހަޅޭލެވިއިރު މިޝަލްއަށް އެއަޑުނީވުނީ ކީއްވެބާއޭ ހިތަށްއެރިއެވެ.

މިޝަލް އަވަހަށް އޭނާގެ ކޮޓަރީގެ ދޮރު ހުޅުވާލިއެވެ. ކޮޓަރީގައި އެކަކުވެސް ފެންނާކަށް ނެތެވެ. ސާޝާއަށް އެއިވުނީ ކާކުގެ އަޑެއްކަމެއް، ކީއްވެކަމެއް މިޝަލްއަކަށްވެސް ނޭނގުނެވެ. އެހެންވެ ސާޝާ ހަމައަކަށް އެޅުވޭތޯ އުޅުނެވެ.

“ނެތޭ އެކަކުވެސް، ސާޝާ އަށް ހީވިގޮތެއް ކަންނޭނގެ، އަހަރެން ޓީވީ ވޮލިއުމް ބާރުކޮށްލެވުނީމަ ސާޝާއަށް އެހެން ހީވީ……” މިޝަލް ބޭނުންވީ ކޮންމެ އެއްޗެއް ބުނެގެންވެސް ސާޝާ ހަމައަކަށް އެޅުވުމަށެވެ. ސާޝާ ވެސް ފަހުން މިޝަލް ދެއްކި ވާހަކަތައް ޤަބޫލްކުރިއެވެ. އެނޫން އެހެން ގޮތެއް ނެތިގެންނެވެ. މީގެ ކުރިން ދުވަހަކުވެސް ސާޝާއަށް އެގޭތެރެއިން ބިރުވެރިކަމެއް ދިމާވެފައިނެތީމައެވެ.

މިޝަލް ކޮޓަރީގައި އޮތް ފޯނު ނަގައިގެން ސިޓިންގ ރޫމުގައި އިނެވެ. އޭނާ، ސާޝާއަށް ނުފެންނަ ހިސާބަކަށް ދާކަށް ބޭނުމެއް ނުވެއެވެ. ސާޝާ އެކަނިވެއްޖެނަމަ އޭނާގެ ހިތަށް ބިރުވެރި ޚިޔާލުތައް އައިސް އިތުރަށް ބިރުގަނެފާނެތީއެވެ. ސާޝާވެސް މިޝަލް ފެންނަން ހުރުމުން ކުޑަކޮށް ހިތްހަމަޖެހުނެވެ. މިޝަލް ފޯނު ބަލާލިއެވެ. އޭނާއަށް ހީވީ ރަނގަޅަށެވެ. އޭނައަށް ގުޅީ އަލައިނާއެވެ. މިސްވެފައި ހުރި ކޯލްތައް ބަލާލުމަށްފަހު މިޝަލް އަލައިނާއަށް ގުޅާލިއެވެ.

“ހެލޯ ލީން، ކިހިނެއްވީ ގުޅީ” މިޝަލް އަހާލިއެވެ.

“ހޭ ޝެބީ، ޔޫ ކިހިނެއްތަ؟” އަލައިނާ މިޝަލްގެ ހާލުއަހާލިއެވެ.

“އަހަރެން އޯކޭ، ދެން ވަރަށް ވައި…..” މިޝަލް ބުނެލިއެވެ

“ޝެބީ، ފޭސް ބުކް ބަލާލިންތަ މިއިންދުވަހެއްގައި” އަލައިނާ މިޝަލް ގާތު އަހާލިއެވެ.

“ނޫން، އަނެއްކާ ކިހިނެއްވީ، މަގޭ ވޯލްގަ މޮޅު އެއްޗެއް ނުލިޔައްޗޭ، ދެން މީހުންތައް ހީވާނީ މޮޔަވާހެން” މިޝަލް ސޯފާގައި އޮށޯވެލަމުން ބުނެލިއެވެ. އޭނާ ބޭނުންވީ އަވަހަށް ލެޕްޓޮޕުން ފޭސް ބުކްއަށް ވަންނާށެވެ. އެކަމަކު މިފަހަރު ސާޝާ ކައިރީ ބުނަން ހިތަށްއަރާފަވެސް ދެންމެ ވީކަންތަކުގެ ސަބަބުން ލެޕްޓޮޕް ބަލާ ދިޔައީ މިޝަލް އަމިއްލައަށެވެ. އޭނަ ލެޕްޓޮޕް ހިފައިގެން އައިސް ސޯފާގައި އިށީނެވެ.

“ލީން މިހާރު މިލޮގިންވީ އެފް.ބީއަށް، ކޯޗެއްތަ މިތަނުން ބަލަންވީ” މިޝަލްއަށް ތަފާތު ކަމެއް ނުފެނުމުން އަހާލިއެވެ.

“ހޫން! ޝެބީގެ ޕްރޮފައިލެއް ނޫނޭ، ދޮންބެގެ ޕްރޮފައިލް، އޭނައެންނު އެއީ އަބަދުވެސް ފޭސްބުކްގަ މާ ރޮމޭންޓިކް ވެގެން އުޅޭމީހަކީ” އަލައިނާ ބުނެލިއެވެ.

“ލީންވެސް ރޮމޭންޓިކްވެފަ އޮންނަނީ އެފް.ބީގައި، ރެހާން ރެހާން ނޫން އެއްޗެއް ނޯވޭ” މިޝަލް އަލައިނާ އާއި ދިމާކޮށްލިއެވެ.

“އޯކޭ…އޯކޭ…” އަލައިނާ ބުނެލިއެވެ. މިޝަލް އާޙިލްގެ ޕްރޮފައިލް ބަލާލިއެވެ.

“ޓުނައިޓް އައިމް ގޮނަ ޓެލްހާ ވަޓް ޝީ މީންސް ޓުމީ، ހައުމަޗް އައި ލަވްހާ…..” މިޝަލް އާހިލްގެ ސްޓޭޓަސްގައި ލިޔެފައިވާ ޖުމްލަ ކިޔާލިއެވެ.

“ލީން، ދެން ކޮބާތަ މައްސަލައަކީ” މިޝަލް އަހާލިއެވެ.

“އެކަމުގައި މައްސަލައެއްނެތޭ، އޭނާ ލޯބިވާ ވާހަކަ މިރޭ ބުނަން އުޅޭ އަންހެން ކުއްޖަކީ ޝެބީއަށް ވާތީ މިބުނީ” އަލައިނާ ބުނެލިއެވެ.

“ލީން އަބަދު އާހިލްއާ ދިމާކުރަނީ، ފަހަރެއްގައި ވެދާނެއެންނު އަހަރެން ނޫންކަމަށް ވެސް އޭނާ އެބުނާ އަންހެންކުއްޖަކީ” މިޝަލްއަށް ހަޤީޤަތް ކޮންމެވެސް ވަރަކަށް އެނގޭއިރު ވެސް ދެކޮޅުހެދިއެވެ.

“ސީރިއަސްލީ ޝެބީ، މަންމައަށް ވެސް އެނގޭކަންނޭގެ މިހާރު ދޮންބެ ޝެބީ އާއި ހެދި އުޅޭކަން، އެކަމަކު ޝެބީ ތިހަދަނީ ނޭނގޭ ކަމަށް” އަލައިނާ ބުންޏެވެ.

“އޯކޭ، މަވެސް ރީތިކޮށް ބުނާނީ އަހަރެން އެހެން މީހެއްދެކެއޭ ލޯބިވަނީ، އާޙިލް އަންޑަސްޓޭންޑް ވާނެ” މިޝަލް ވިސްނާލަމުން ބުނެލިއެވެ. އޭނައަށް އާޙިލްގެ ބައެއް އާދަތައް ވަރަށް ކަމުދެއެވެ. އެހެނަސް ލޯބިވެވޭނީ އެއްފަހަރުއެވެ. އެލޯބި މިޝަލްއަށް ވަނީ މީކާޢިލްދެކެ ވެވިފައެވެ.

އިރުއޮއްސި ރޭގަނޑުގެ އަނދިރިކަން ވެރިވެއްޖެއެވެ. މިޝަލް ޑިއުޓީއަށް ދާންވާއިރަށް ފެންވަރާ ރީތިވެލިއެވެ. އަދި ޔުނީފޯރމް ލުމަށްފަހު މޭކަޕް ކޮށްލުމަށް ލޯގަނޑު ކުރިމައްޗަށް ޖެހިލިއެވެ. ތުންފަތުގައި ޖައްސާލި ލިޕްސްޓިކް ޑްރެސިންގ ޓޭބަލްމަތީ ބަހައްޓާލިއެވެ. އަދި އަތްދަބަސް ނަގާ އޭގެތެރެ ހާވަލިއެވެ. މިޝަލް ބޭނުންވާ ހުރިހާ އެއްޗެއް އޭގައި ހުރިތޯއެވެ. އެއަށްފަހު އަތްދަބަސް ނަގާ ކޮނޑުގައި އަލުވާލަމުން ކޮޓަރިން ނުކުތެވެ.

މިޝަލް ގެއިން ނުކުންނަ ދޮރު ހުޅުވާލިއިރު ބަލްޤިސް ފާރުގައި ލެނގިލައިގެން ހުއްޓެވެ. ބަލްޤިސްގެ ރީތިކަން ރޭގަނޑުގެ އަނދިރީގައި އަދި ވަކިންރީތިހެން މިޝަލްއަށް ހީވިއެވެ. ބަލްޤިސް، މިޝަލް އާއެކު ބަސްހުއްޓާ ތަނާހަމައަށް ދިޔައެވެ. އަލައިނާ ފެނުމުން ބަލްޤިސް މިޝަލް ނޫން މީހަކަށް އޭނާ ނުފެންނާނެކަން ހަނދާންކޮށްދިނެވެ. އެގަޑީގައި ހުޅުލޭ ބަހަށް އަރާ މީހުން މަދުވުމުން ބަހުގެ ގޮނޑިތައްވަނީ ހުސްކޮށެވެ. ބަހުގެ ތެރޭ މީހެއްގެ އަޑެއް ބަޑެއް ނީވެއެވެ. ބަލްޤިސް، މިޝަލްގެ އޮފީހަށް ދެވެން ދެކަށް އޭނާގެ ފަހަތުން އުޅުނެވެ. މިއަދު މިޝަލް ޑިއުޓީގައި އުޅުނުއިރު އޭނަހުރީ ވަރަށް ހަމަޖެހިލާފައެވެ.

ދަންވަރު ޑިއުޓީ ނިންމާލުމަށްފަހު މިޝަލް އާއި އަލައިނާ ތިބި ބަސް ހުއްޓާލުމާއިއެކު ފޭބިއެވެ. އޭރު އާޙިލް އެތާ މަޑުކޮށްލައިގެން ހުއްޓެވެ. އަލައިނާ ބޭނުންވީ އާޙިލްއާއި ދިމާކޮށްލާށެވެ. ތިން މީހުން ބަސްޓޮޕާ ދުރަށް ޖެހިލިއެވެ. އެވަގުތު ތަންކޮޅެއް ދުރުގައި ބަލްޤިސް ބަލަން ހުރިތަން މިޝަލްއަށް ފެނުނެވެ. އާދައިގެމަތިން އާޙިލް ހުރީ މިޝަލް ގެއަށް ލާދިނުމަށް ދާށެވެ. އެކަމަކު އަލައިނާ މިޝަލްގެ އަތުން ދުލެއް ނުކުރިއެވެ.

“ހިނގާ ދޮންބޭ، މިރޭ އަހަރެންވެސް ދާނަން ޝެބީ ގެއަށް ލާދެން” އަލައިނާ ބުނެލިއެވެ. އާޙިލް ކުޑަކޮށް ހިތްހަމަ ނުޖެހުނެވެ. އެކަމަކު ކުރެވޭނެކަމެއް ނެތެވެ. އެއީ އަލައިނާގެ އާދައެވެ. ތިން މީހުން ހިނގައިގަތީ މިޝަލް ގެއަށް ލާދިނުމަށެވެ.

އަތިރިމަގަށް އެޅިތަނާ މިޝަލްއަށް އެމީހުންގެ ކުރިމަތިން އަނދިރިގަނޑެއް ހުރަސް ކެނޑިހެން ހީވިއެވެ. އެހެންވެ ފަހަތަށް ޖެހެވުނެވެ. އާޚިލް އާއި އަލައިނާވެސް ހުއްޓުނެވެ. އެމީހުން ކިހިނެއްވީތޯ ސުވާލުކުރިއެވެ. މިޝަލް މަގުގެ ދެކޮޅު ހޯދަންފެށިއެވެ. އޭނައަށް ދުރުގައި ހުރި ބަލްޤިސް ފެނުމާއެކު ހިތަށް ފިނިކަމެއް ލިބުނެވެ. ބަލްޤިސް ކުއްލިއަކަށް މިޝަލްގެ ކައިރިއަށް އައެވެ. ބަލްޤިސްގެ ލޯހުރީ ބޮޑުވެފައެވެ. ހާސްވެފައެވެ. އޭނާ އަވަސް ފިޔަވަޅުތަކެއް އެޅުމަށް ބުންޏެވެ. އެއަޑު އިވުނީ މިޝަލްއަށް އެކަންޏެވެ. މިޝަލް ހިނގުމުގެ ސްޕީޑް ބާރުކުރުމަށް އާހިލް އާއި އަލައިނާގާތު ބުންޏެވެ. އެމީހުން އަނެއްކާވެސް ކިހިނެއްތޯ ވީ ސުވާލުކުރިއެވެ. މިޝަލް އަލައިނާ ކައިރީ ފާޚާނާއަކަށް ދާންށޭ ބުންޏެވެ. އެހެންބުނީ ދެން އިތުރު ސުވާލެއް ކުރިމަތި ނުވާނެކަމުގެ އުންމީދުގައެވެ. މިޝަލްއަށް ކިތަންމެހާވެސް ރީތިކޮށް ބަލްޤިސް ފެނެއެވެ. އޭނަ ހީވަނީ ބުމަރެއްހެންނެވެ. މިޝަލްމެންގެ ވަށައިގެން އެނބުރެނީއެވެ. އޭނަ އެއްފަހަރު މިޝަލްގެ ފަހަތުގަ ހުރެއެވެ. އަނެއްބައި ފަހަރަށް ކުރިމަތީގައި ހުރެއެވެ. ދެންމެ ދެންމެ ހީވަނީ ފިޔަފަތްގަޑު ހުޅުވާލަފާނެ ހެންނެވެ. އޭނާގެ މޫނުމަތިން އެފެންނަ ބިރުވެރި ކަމަކީ ކޮބައިކަމެއް މިޝަލްއަކަށް ނޭނގެއެވެ. ޔަގީންނުންވެސް ކޮންމެވެސް ކަމެއް ގޯސް ވާކަން މިޝަލްއަށް އެނގެއެވެ.

މިޝަލްގެ ގެއަށް އާދެވުމާއެކު ބަލްޤިސް އަލައިނާ އާއި އާޚިލް ވެސް މިޝަލްއާއިއެކު ގޭތެރެއަށް ވެއްދުމަށް ބުންޏެވެ. އެކަމަކު އާޚިލް ބޭނުންވަނީ އަލައިނާ ގޮވައިގެން އަވަހަށް ގެއަށް ދާށެވެ. އަލައިނާގެ ސަބަބުން އޭނާހުރީ ވަރަށް މޫޑު ގޯސްވެފައެވެ.

“ލީން އާދޭ އެތެރޭގައި މަޑުކޮށްލާފައި ދާން” މިޝަލް މިހެންބުނުމާއިއެކު އަލައިނާ ގެއަށްދާކަށް ގަސްތެއްނުކުރިއެވެ. އޭގެ ބަދަލުގައި އަވަސްއަވަހަށް މިޝަލް އާއިއެކު ގޭތެރެއަށް ވަނެވެ. ނަމަވެސް އާހިލް ދޮރުމަތީ ހުރީއެވެ. މިޝަލް ދެވަނަފަހަރަށްވެސް އާޚިލް ކައިރިން އެތެރެއަށް ވަނުމަށް އެދުނެވެ. ވަކިއެއްޗެއް ނުބުނުމުން މިޝަލް އާޚިލްގެ އަތުގައި ހިފިއެވެ. އާޚިލް ހުރީ ހަރަކާތަކަށް ތައްޔާރުވެގެންނެއް ނޫނެވެ. ކޮންމެގޮތެއްވިޔަސް އޭނައަށް އިތުރަށް އިންކާރު ކުރާކަށް ނުކެރުނެވެ. މިޝަލް އާޚިލްގެ އަތުގައި ހިފައިގެން އެތެރެއަށް ވަނެވެ. އަދި މިޝަލްގެ ކޮޓަރިއަށް ވަދެވެންދެން އާޚިލްގެ އަތުން މިޝަލް ދުލެއް ނުކުރެއެވެ. އޭނާ ހުރީ މިވަނީ ކިހިނެއްކަމެއް ނޭނގިފައެވެ. މިޝަލްގެ ހިތް ބިރުގަންނަން ފަށައިފިއެވެ. ބަލްޤިސް ދޮރުން ވަންތަނެއް ނުފެނުނެވެ.

ބަލްޤިސް އެންމެން އެތެރަށް ވަނުމާއެކު ބަލާކަށް ނުހުރެ އޭނާގެ މުށުތޭރޭގައިހުރި ވެލިތަކަށް ފުމެލިއެވެ. އޭނާ އެވެލިމުށްނެގީ ގަހެއްގެ ބުޑުންނެވެ. މިޝަލްއަށް ނުރައްކަލެއް ކުރިމަތިވާންއުޅޭހެން ހީވުމާއެކުއެވެ. ދޮރުމައްޗަށް ވެރިވެފައިވާ އަލިފިޔަވައި ދެން ވަށައިގެންވަނީ ކަޅުއަނދިރިކަމެވެ. ބަލްޤިސް ފުމެލުމުން ބުރައިގެން ދިޔަވެލިފުއްތަކާއިއެކު ބާރު ހަޅޭކެއްގެ އަޑުއިވިގެން ދިޔައެވެ. ބިރުވެރިކަމާއިއެކު އެއަޑުގައި ވޭންއެކުލެވުނެވެ. ބަލްޤިސް ދޮރުގެ ތެރެއަށް ދެމިގަންނަމުން ބިންމަތީ ދޮރުގެ ވަށައިގެން ފާރުގައިޖެހެންދެކަށް ރޮނގެއް ދެމިއެވެ. އޭރު ވެސް އޭނާ ހުއްޓާނުލާ ތުންތަޅުވަމުން ދިޔައެވެ. އަދި ދޮރުލެއްޕިއެވެ. ބަލްޤިސް އޭނާ އެކިޔަވާ ކިޔަވެއްޔެއް ހުއްޓައެއްނުލައެވެ. ބަލްޤިސް ދޮރުގެ އެތެރެފަރާތުން ބިންމަތީގައި ލިޔަމުންދިޔަ އެއްޗެއް ލިޔެ ނިންމާލީ ސިޓިން ރޫމު އޮޅިގަނޑާހަމައަށެވެ. އޭރު ވަރަށް ބާރަށް ބިތްގަނޑެއްގައި އައިސް އެއްޗެއް ޖެހޭފަދަ އަޑެއް އިރުއިރުކޮޅާ ގޮވައެވެ. ހުދު ބަލްޤިސް ވެސް އެއަޑަށް ސިއްސައިގެން ދެއެވެ.

މިޝަލް ކޮޓަރީގައި ދެކޮޅަށް ހިނގާލަ ހިނގާލަ ހުއްޓެވެ. ބަލްޤިސްއަށް ވީގޮތެއް ނޭގޭތީ މިޝަލް ހުރީ ވަރަށް ހާސްވެފައެވެ. ހިތާހިތުން މީކާޢިލް އަންނާނެނަމައޭ މިޝަލްގެ ހިތަށްއަރައެވެ. ކުއްލިއަކަށް ބޭރުން ވިދާލިވިދުވަރު މިޝަލްއަށް ކިތަންމެހާވެސް ރީތިކޮށް ފެނުނެވެ. މިޝަލްއަށް ބަލާލެވުނީ އަލައިނާ އާއި އާޚިލްއަށެވެ. އާޚިލްއަށް ފެނުނުކަން އެނގުނެވެ.

“ޝެބީ، އެއުޅެނީ ވާރޭ ވެހެން ކަންނޭގެ، މިހާރު ނުކުމެގެން ދެން ކިރިޔާ ވާރޭ ވެހެންވާއިރަށް ދެވޭނީ” އާޚިލް ތެދުވެގެން އައިސް ކުޑަދޮރު ހުޅުވާ ބޭރުބަލާލަން އުޅުނެވެ. މިޝަލް އަށް ހުރެވުނުތަންވެސް ނޭނގުނެވެ. އަވަހަށް އާޚިލްގެ އަތްދޭތެރޭން ކުޑަދޮރުގައި މިޝަލް ހިފެހެއްޓިއެވެ.

“ނޫން…..ނޫން…..އާޚިލް” މިޝަލްއަށް ބުނެލެވުނެވެ. އާޚިލް ހުރީ މިޝަލްގެ ހަރަކާތްތައްފެނި ވަރަށް ހައިރާންވެފައެވެ. މިޝަލް އާޚިލްގެ އަތުގައި ހިފައިގެންގެނެސް އެނދުގައި އިށީނެވެ. އާޚިލްވެސް މިޝަލްގެ ގާތުގައި އިށީނެވެ. މިޝަލް ހިނިތުންވެލަން މަސައްކަތްކުރަމުން އާޚިލް އާއި ވާހަކަދައްކަންފެށިއެވެ. އާޚިލް އަށް މިޝަލްގެ އަތުގައި ހިފާލައިގެން އެހާގާތުގައި އިނުމުގެ ފުރުޞަތު ލިބުމުން އޭނާއިނީ ވަރަށް ހިތްހަމަޖެހިފައެވެ. އަލައިނާ އެނދުގެ އެއްފަރާތުގައި އޮށޯވެލައިގެން ޓީވީ ބަލަން އޮތެވެ. ކުޑަދޮރުން އިރުއިރުކޮޅާ ވިދާލާ މަންޒަރުފެނެއެވެ.

ބަލްޤިސް ކޮޓަރީގެ ކުޑަދޮރުކުރިމަތީ މަޑުކޮށްލިއެވެ. އޭނާގެ ސަމާލުކަން ހުރީ އެކަޅު އަނދިރިގަނޑާދިމާލަށެވެ. އާދައިގެ އިންސާނަކަށް ނުފެންނަކިތަންމެ ކަމެއް ބަލްޤިސްއަށް ފެންނަމުންދިޔައެވެ. އޭނައަށް ދޭތެރެއަކުން ހިންދިރުވާލެވެއެވެ. މިރޭ ބަލްޤިސް މީކާޢިލްއަށްޓަކާ އޭނައަކީ ހިތްވަރުގަދަ ޖިންނިއަކަށް ވާންއެބަޖެހެއެވެ. އޭނާ ބިރުގެންފިނަމަ މިޝަލްއަށް ކޮންމެފަދަކަމެއްވެސް ކުރިމަތިވެދާނެއެވެ. އެހެންވެއްޖެނަމަ ބަލްޤިސްއަށް މީކާޢިލްއާއި ދެން ދުވަހަކުވެސް ކުރިމަތިލާކަށް ނުކެރޭނެއެވެ. އެނދުގައި އިށީދެލައިގެން އިން މިޝަލްއަށް ބަލްޤިސް ބަލާލިއެވެ. މިޝަލް އާއި ހަތަރުކަޅި ހަމަވުމާއެކު ބަލްޤިސް އޭނާގެ ތުންފަތުގައި އިނގިލިޖައްސާލީ ސިއްރުކުރާށޭބުނާފަދަ ގޮތަކަށެވެ.

ދަންވިދަންވިހެން ވިދާލާ ވިދުވަރުގެ އަލި ދިޔައީ ގަދަވެ އަދި އަވަސްވަމުންނެވެ. ޖެހެމުން ދިޔަވައިގެ ބާރުމިންވަނީ ގަދަވެފައެވެ. ޖެހޭވައިގައި ކުޑަދޮރުގެ ބިއްލޫރިގަނޑުވެސް ހީވަނީ ތަޅައިގެންގޮސްދާނެހެންނެވެ. އިރުއިރުކޮޅާ ބާރުއަޑުފަށްގަނޑެއް އިވެއެވެ. ބައެއްފަހަރު އިވޭއަޑު ހީވަނީ އޮމާން ޓިނުގަނޑެއްގައި ތޫނުއެއްޗެއް އަޅުވާ ދަމާހެންނެވެ. އާޚިލް އާއި އަލައިނާ ތިބީ ވަރުގަދަ ކޮޅިގަނޑެއް އައުމުގެ އަސަރުތައްކަމުގައި ނިންމައިގެންނެވެ. އެކަމަކު މިޝަލްގެ ހިތަށް ވަންނަމުންދާ ބިރުވެރިކަން ދިޔައީ އިތުރުވަމުންނެވެ. ކުޑަދޮރުގައި ބާރުއެއްޗެއް ޖެހިގެން އަޑަށް ސިއްސައިގެން ގޮސް ތިންމީހުންއެކީ ކުޑަދޮރަށް ބަލާލެވުނެވެ. މިޝަލްއަށް އާޚިލްގެ އަތްތިލައަށް ބާރުކޮށްލެވުނެވެ. އަދި ކުޑަދޮރުކައިރީ ހުރި ބަލްޤިސްއަށް ބަލާލިއެވެ. ބަލްޤިސް ހުރީ ވަރުގަދަ އަޒުމަކާއެކުއެވެ. އޭނަ ހުރިފިޔަވަޅުމަތިން ގުޑިވެސް ނުލައެވެ. މިޝަލްއަށް ބޮލުގެ އިޝާރާތުން ބިރުނުގަތުމަށް ބުނަމުންދިޔައެވެ.

ފަތިހުގެ ފަތިސް ނަމާދު ބަންގީގެ އަޑުޖެހުނުއިރު ވިދުވަރުތަކުގެ އައްޔާއިއެކު އިވެމުން ދިޔަ ނާމަން އަޑުތައްހުއްޓިޖެއެވެ. އާޙިލްއަށް އިނީ އެނދުގައި ލެގިލައިގެން ނިދިފައެވެ. އަލައިނާ އެނދުގެ ފައިކޮޅުގައި އަރިއަކަށް ނިދާފައި އޮތެވެ. މިޝަލް އާޚިލްގެ ކައިރީ އެނދުގައި ލެގިލައިގެން އިންއިރު އޭނާގެ ދެކަކޫވަނީ ގެނެސް މެޔާކައިރިކޮށް ހިފަހައްޓާލެވިފައެވެ. އޭނަގެ ލޮލުގައި ވަރުބަލިކަމެއް އަދި ނިދީގެ އެއްވެސް އަސަރެއްނެތެވެ. ދުނިޔެމައްޗަށް އަމާންކަން ވެރިވީއެވެ. އެހަނަސް އެހިތުގައިވަނީ އަދިވެސް ނޭނގޭ ބިރުވެރިކަމެވެ. މިވަނީ ކިހިނެއްކަމެއް ނޭނގޭތީއެވެ. މިވަގުތު މީކާޢިލް ކައިރީގައި ނެތުމުންނެވެ. ބަލްޤިސްއަށް ނުރައްކަލެއް ދިމާވެއްޖެ ހިނދެއްގައި މިޝަލްއަށް ކޮށްދެވޭނެ ކަމެއް ނެތީމައެވެ. މީކާޢިލް ބަލްޤިސްދެކެ ލޯބިވާވަރު މިޝަލްއަށް އެނގެއެވެ. އޭނާ ކުޑަދޮރާދިމާލަށް ބަލާލިއެވެ. އަދިވެސް ބަލްޤިސް ހުރީ އޭނާހުރި ފިޔވަޅުމަތީގައެވެ. ކުޑަދޮރުން ބޭރަށް ނަޒަރު ހިންގާށެވެ.

އާޚިލް އާއެކު މިޝަލް ސިހުނެވެ. އާޙިލްގެ ފަޓުލޫނު ޖީބުގައި އޮތް ފޯނު ރިންގުވާންފެށުމުންނެވެ.

“މަންމަ އެގުޅަނީ” އާޚިލް ކަންތައްބޮޑުވެފައި މިޝަލްއަށް ބަލާލިއެވެ. މިޝަލް އާޚިލްގެ ފޯނު އަތުލިއެވެ.

“މަލާކާ މަންމާ، މީ ޝެބީ” މިޝަލް ވާހަކަދައްކަން ފެށިއެވެ. އަދި މަލަކާގެ ހިތްހަމަޖައްސާލަދިނެވެ. އެކަމަކު ދެން ލަސްނުކޮށް އަލައިނާއާއި އާޚިލް ގެއަށް އައުމަށް މަލަކާ އެދުނެވެ. އާޚިލް ގެއަށް ފޮނުވާލާކަށް މިޝަލް ބޭނުމެއް ނުވެއެވެ. އެއީ އަދިވެސް ދުނިޔެމަތި އަނދިރިކޮށް އޮތީމައެވެ.

އިރުއަރާކަށް މާގިނައިރުތަކެއް ނުނެގިއެވެ. އަލައިނާ އާޚިލްއާއިއެކު ދާން ތައްޔާރުވެލިއެވެ. އެމީހުން ނުކުންނަން އުޅުމުން މިޝަލްއަށް ބޭއިހްތިޔާރުގައި ބަލްޤިސްއަށް ބަލާލެވުނެވެ. ބަލްޤިސްގެ މޫނުމައްޗަށް އަނެއްކާވެސް ހިނިތުންވުން ވެރިވެއްޖެއެވެ. އޭނާ މިޝަލްއަށް ހިނިތުންވެލަމުން ބޯޖަހާލިއެވެ. އެމީހުން ދިއުމަށް ހުއްދަދޭފަދަ ގޮތަކަށެވެ. މިޝަލް އެމީހުންގެ ފަހަތުން ދޮރާހަމައަށް ނުކުތެވެ.

އެނބުރި ކޮޓަރިއަށް ވަން މިޝެލްގެ ހިތުގައި އެތަކެއް ސުވާލެއް އުފެދިފައި ވެއެވެ. ކޮޓަރީގައި ހުރި ބަލްޤިސްގެ މޫނުމަތިން ވަރުބަލިކަން ފެންނަން ހުއްޓެވެ. އެކަމަކުވެސް މިޝަލް އޭނާގެ ސުވާލުތަކުގެ ޖަވާބު ބަލްޤިސްގެ ގާތުން ހޯދަން ބޭނުންވިއެވެ.

“ބަލްޤިސް މީ ދައްތަކަމުގައި ގަބޫލުކުރާނަމަ ނިކަން މިވީގޮތެއް ކިޔާދީބަލަ” މިޝަލް ވީގޮތެއް އޮޅުން ފިލުވަން ބޭނުންވެއެވެ.

“ދައްތާ، މިހާރު ދައްތައަށްވެސް އެނގޭނެ އިންސާނުން ފިޔަވާ އެހެން މަޚުލޫޤުންވެސް އުޅޭކަން، އަހަރުމެން ޖިންނީންގެ ތެރޭވެސް ތަފާތުއެކި ޖިންނީންވޭ، ރޭގަނޑުގެ އަނދިރިކަމުގެ ތެރޭ އެބައިމީހުން ރަސްކަންކުރޭ، ދަންގަޑީގައި އުޅޭ އިންސާނުންނަށް ގޮނާކޮށްވެސްހަދާ، ތިފެނުނީ އެކަހަލަ ކަމެއް، އެއީ އެވަރުކަމެއް ނޫން، ދެން ބިރު ނުގަނޭ، އިރާދަކުރެއްވިއްޔާ ދައްތައަށް އެއްވެސް ކަމެއްނުވާނެ، އަހަރެން އަބަދުވެސް ހުންނާނަން” ބަލްޤިސް ގެ ހިނިތުންވުން ފެނިފައި ކޮންމެވެސް ވަރަކަށް މިޝަލްގެ ހިތްހަމަޖެހުނެވެ.

“ދެން އަލައިނާ އާއި އާޚިލް……..” މިޝަލްއަށް ބުނެލެވުނެވެ.

“އެމީހުންނަށްވެސް ކަމެއްނުވާނެއޭ” ބަލްޤިސް މިޝަލްގެ ހިތްހަމަޖައްސާލަދިނެވެ.

“ބަލްޤިސް، މިއަދު ދައްތަގެ ބަލިކަށިކަމާއިމެދު ވަރަށް ދެރަވަން، ބަލްޤިސްއަށް ދިމާވެދާނެކަމަކާއިމެދު ދައްތަ ކަންބޮޑުވޭ، އެފަދަވަގުތެއްގައި ދައްތައަށް ކުރެވޭނެ އެއްވެސް ކަމެއް ނޯންނާނޭތީ، ބަލްޤިސްއަށް ކަމެއްވެއްޖެއްޔާ މީކާޢިލް ވަރަށް ދެރަވާނެ” މިޝަލް ބަލްޤިސްގެ ދެއަތުގައި ހިފަހައްޓާލައިގެން ހުރެ ބުނަމުންދިޔައެވެ.

“ދައްތާ، ދައްތައަށް ކަމެއްވިޔަސް ބޭބެ ވަރަށް ދެރަވާނެ” ބަލްޤިސް އަސަރާއެކު ބުނެލިއެވެ. އޭނާ ހުރީ ވަރަށް ވަރުބަލިވެފައެވެ. މިޝަލްއަށް އޮޅުވާލިކަމުގައިވިޔަސް ބަލްޤިސްއަށް ރޭގެ ހާދިސާއިން މިޝަލް ސަލާމަތްކުރެވުނީ ހަމަކިރިޔާއެވެ. އޭނާގެ ހަށިގަނޑުގެ ހަކަތަވަނީ ދަށްވެފައެވެ. އޭނަބޭނުންވަނީ ކުޑަވަގުތުކޮޅަކަށް އަރާމުކޮށްލާށެވެ. މިޝަލްއާއި ދިމާކުރަނީ އާދައިގެ ޖިންނިއެއްނޫންކަން ބަލްޤިސްއަށް މިހާރު އެނގިއްޖެއެވެ. އެޖިންނީގެ އެއްފަޅި ހުރީ ބަލްޤިސްމެންފަދައިންނެވެ. އަނެއްފަރާތް ހުރީ ނުބައި އިފުރީތެއްގެ ސިފައިގައެވެ. އޭނާއަށް ލިބިފައިވާ ވަރަވެސް ހުރީ ދެވަރަ ދެކުލައިގައެވެ. އެއްފަރާތް ހުދުބޮޑުކޮށް ދައްކާއިރު އަނެއްފަރާތް ހުރީ ގަދަ ކަޅުރަތްކުލައިގައެވެ. އޭނާ ބަލްޤިސްއަށް ވުރެ ބާރުގަދައެވެ. އެކަމަކު ބަލްޤިސް އޭނާގެ އެންމެ ފަހުނޭވާޔާ ހަމައަށް މިޝަލް ހިމާޔަތްކުރަން ބޭނުންވެއެވެ.

އެރޭގެ ހާދިސާއަށްފަހު ހަފްތާއެއް ވޭތުވެގެންދިޔައިރު މިޝަލްއަށް އެއްވެސް އުނދަގޫތަކެއް ކުރިމަތިވެފައެއް ނެތެވެ. ބަލްޤިސް އޭނާގެ ގިނަވަގުތު މިޝަލްއާއިއެކު ހޭދަކުރަމުން ދިޔައެވެ. އެރޭގެ އެހާދިސާ އަދި ނިމުނީކީ ނޫންކަން ބަލްޤިސްއަށް އެނގެއެވެ. އެހެންވެ ބަލްޤިސް ހުންނަނީ ކޮންމެކަމަކަށްވެސް ވަރަށް ސަމާލުވެއެވެ. މީކާޢިލް ބަލްޤިސްއަށް ކިޔާދީފައިވާގޮތަށް ކަންތައްތައް ވާކަށް މާގިނަދުވަހެއް ނުވާނެކަން ބަލްޤިސްއަށް އެނގެއެވެ. އޭނާގެ ހިތުގައިވާ ހަމައެކަނި ބިރަކީ މީކާޢިލްއަށް އެހާތަނަށް އާދެވޭނެބާއެވެ. އަދި މިކާޢިލްގެ އަމާނާތް ރައްކާތެރިކުރެވޭނެބާއެވެ.

މިޝަލް އާއި އަލައިނާ އިނީ ހުޅުމާލޭގެ ފެރީގައެވެ. ހުރިހާ ގޮނޑިއެއްވަނީ މީހުންނާއިގެން ފުރިފައެވެ. ފެރީގެ ކުރީގައި ހަރުކޮށްފައިވާ ދަގަޑުގައި އިށީދެލައިގެން އޭނދީ ބަލްޤިސްއެވެ. ފެރީގައި ތިބި މީހުންނަށް ބަލްޤިސްއެއް ނުފެނެއެވެ. މިޝަލް އާއި އަލައިނާ އެފެރީގައި ތިބީ އޮފީސް ކުއްޖަކުގެ ކައިވެނި ޕާޓީ އޮތުމާއެކު އެޕާޓީއަށް ދިއުމަށްޓަކައެވެ. އަލައިނާ މިޝަލްއެކަނިވެދާނެތީ ރެހާންއެއް ނުގެނެއެވެ. މިޝަލް އޭނާ ރައްޓެހިވެގެން އުޅޭ ކުއްޖާއަށް އާދެވޭކަށްނެތޭ ބުނުމުން އަލައިނާ އެގޮތަށް ނިންމީއެވެ. ރެހާންވެސް އެކަން ޤަބޫލުކުރިއެވެ.

ރޭގަނޑު ނުވައެއް ޖަހަން ވީއިރު މިޝަލްމެން ތިބި ފެރީއޮތީ މާލޭ ފެރީޓާރމިނަލް އާއި ކައިރިކޮށްފައެވެ. ކައިރިކުރުމާއެކު އެންމެންތައް ގޮނޑިތަކުން ތެދުވެއްޖެއެވެ. އެކަކަށްވުރެ އަނެކަކު ކުރިން ފޭބުމަށް އުޅެގެންފިއެވެ. އަލައިނާވެސް ތެދުވީ އަވަހަށް ފޭބުމަށެވެ. ނަމަވެސް މިޝަލް އަލައިނާގެ އަތުގައިހިފާ މަޑުކުރުވިއެވެ. މިޝަލް ބޭނުންވީ މީހުންތައް ތަންކޮޅެއް މަދުވެ ހަމަޖެހުމުން ފައިބާށެވެ.

ޕާރޓީ އޮތީ ދަރުބާރުގޭގައެވެ. އެހެންވެ މިޝަލް ނިންމީ ހިނގާލާފައި ދިއުމަށެވެ. އަލައިނާ މިޝަލްގެ ނިންމުމަށް އިޙްތިރާމް ކުރިއެވެ. ދެކުދިން ފަރިހިނގުމުގާ ހިނގާލާފައި ދިޔައިރު މީހުންގެ ތޫނު ނަޒަރުތައް އެދެކުދިންނާ ދިމާލަށް ހުއްޓެމުންދިޔައެވެ. އެކަމަށް މާބޮޑުސަމާލުކަމެއް ނުދެއެވެ. ފެރިން ފޭބީސް ސުރެން މިޝަލްއަށް ބަލްޤިސްއެއް ނުފެނެއެވެ. އޭނާއަށް ނުފެނުނުކަމުގައިވިޔަސް، ބަލްޤިސް އޭނައާއެކު ހުންނާނެއޭ އޭނާގެ ހިތަށްއެރިއެވެ.

ދަރުބާރުގެ ތެރެއަށް ވަދެގެން ދިޔައިރު އެތާނގެ ރަންނަބަނޑޭރި މާލަމްގެ ދޮރުމަތިވަނީ ވަންނަ މީހުންނާއިގެން ފުރިފައެވެ. މިޝަލް އާއި އަލައިނާވެސް އެދިގު ކިއުގައި މަޑުކޮށްލިއެވެ. މަޑުމަޑުން ކުރިއަށް ދަމުންގޮސް މިޝަލް އާއި އަލައިނާއަށްވެސް ވަދެވިއްޖެއެވެ. މީހުންނަށް ސަލާމް ކުރުމަށްޓަކާ މަޑުކޮށްލައިގެން ތިބި އަލަތު ދެމަފިރިންނާއި މިޝަލް އާއި އަލައިނާވެސް ސަލާމްކޮށްލިއެވެ. އަދި އެތަނުން އަންހެން ކުއްޖާއަށް އެމީހުން ގެނައި ހަދިޔާ ދިއްކޮށްލިއެވެ. އާކައިވެންޏަށް މަރުޚަބާ ކިޔެވެ.

“ޝެބީ، ހާދަ ސަޅިއޭ ދޯ….މަވެސް ވެޑިން ބާއްވާނީ މިގޮތަށް” އަލައިނާ ޒީނަތްކުރެވިފައިވާ ބޮޑު ހޯލަށް ބަލާލަމުން ބުނެލިއެވެ. މިޝަލް އާއި އަލައިނާ ކާއެއްޗެހި އަޅައިގެން މޭޒެއްގެ ކައިރީ އިށީނެވެ.

“ޝެބީ ހިނގާ ދެމީހުން އެކުގައި މެރީ ކުރަން، ކިހާ މަޖާވާނެ” އަލައިނާ މޮޅު ޚިޔާލެއް ދިނެވެ. މިޝަލް ވަކި ޖަވާބެއް ނުދިނެވެ. އޭނާ ޖަވާބެއް ނުދިންކަމުގައި ވިޔަސް ވިސްނަމުން ދިޔައީ ކައިވެންޏާމެދުގައެވެ. އަލައިނާ މިޝަލްއަށް ގޮވާލީ އޭނާ ޚިޔާލަކަށް ގެއްލިފައި އިންހެން ހީވެގެންނެވެ.

ޕާޓީއިން ނުކުތްއިރު އެގާރަ ނުޖަހައެވެ. އެހެންވެ އަލައިނާ ބޭނުންވީ އޭނައަށް ފައިވާނެއް ގަންނަން ދާށެވެ. ދެރަޙުމަތްތެރިން  ސޯސަންމަގުން ލާފައި ނުކުތީ މަޖީދީމަގަށެވެ. އެންމެ ފުރަތަމަވެސް ވަނީ އަލައިކް ފައިވަން ފިހާރައަށެވެ. އެތަނުން އަލައިނާއަށް ކަމުދާ ފައިވާނެއް ނުފެނުނެވެ. މިގޮތަށް ފިހާރަތަށް ބަލަމުން ގޮސް އެގާރަ ޖެހިއިރު ހުރެވުނީ މާވެޔޮ މަގާ ހިސާބުގައެވެ. އޭރުވެސް އަލައިނާއަށް ކަމުދާ ފައިވާނެއް ނުފެނުނެވެ. އެހެންވެ މިސްރާބުޖެހީ ފެރީ ޓާރމިނަލާ ދިމާލަށެވެ.

މިޝަލް އާއި އަލައިނާ އަރާފައިވާ ފައިވާނުން އެހާބާރަކަށް ނުހިގެއެވެ. ފައިވާން އުސްވެފައި، ފައިވާނުގެ ކަށީގެ ހިމަކަމުންނެވެ. އަނެއްކޮޅުން އާމުކޮށް އަރާފައިވާނަކަށް ނުވާތީއެވެ. މިކަންތަކާ ހުރެ ފެރީ ޓާރމިނަލަށް އާދެވުނުއިރު އެގާރަގަޑި ބައިވެއްޖެއެވެ. އެގަޑީގައި އޮތް ފެރީވެސް މިޝަލްމެން ޓިކެޓް ނަގައިގެން އަންނަން ވާއިރަށް ނައްޓާލައިފިއެވެ. އެހެންވެ ގޮނޑިބަރީގައި ބާރައިގެ ފެރިއަށް މަޑުކުރިއެވެ.

މިޝަލްއަށް ކުއްލިއަކަށް ފެނުނީ އޭނާގެ ކައިރިއަށް އަންނަ ބަލްޤިސްއެވެ. މިޝަލްގެ ގާތުގައި ހުއްޓިލަމުން ބާރައިގެ ފެރިއަށް ނޭރުމަށް ބުންޏެވެ. މިޝަލް ހައިރާންވިއެވެ. ދަންވަމުން ދާތީއެކަމާވެސް ކަންބޮޑުވެއެވެ. މިޝަލް މީކާޢިލް ނެތުމުން ދަންވަރު ބޭރުގައި އުޅޭކަށް ބޭނުމެއް ނުވެއެވެ. އޭނާ ބަލްޤިސްއަށް އިތުބާރު ނުކުރާތީއެއް ނޫނެވެ. ބަލްޤިސްއަކީ އަދި ކުޑަކުއްޖަކަށް ވާތީއެވެ. އޭނައަށްވެސް ކަމެއް ދިމާވެދާނެކަމުގެ ބިރު އޮންނާތީއެވެ. މިޝަލް ގޮނޑިން ތެދުވެގެން ފާޚާނާއަށް ގޮސްފައި އެބައަންނަމޭ އަލައިނާ ގާތު ބުނެލިއެވެ. އަދި ބަލްޤިސްއަށް ލޮލުން އިޝާރާތްކޮށްލިއެވެ.

ފާޚާނާއަށް ވަންއިރު އެތަނުގައި އިތުރު ދެކުދިން އުޅެއެވެ. މިޝަލް ފޯނުނަގާ ކަންފަތުގައި ޖަހާލިއެވެ. އަދި ކުރިމަތީ ހުރި ބަލްޤިސް އާއި ވަހަކަދެއްކިއެވެ. އެހެން މީހުންނަށް ނުފެންނަ މީހަކާ ވާހަކަދައްކާނީ ކިހިނެއްހެއްޔެވެ. އެހެންވެ މިޝަލްއަށް ފޯނުނަގާ ކަންފަތުގައި ޖައްސަން މަޖުބޫރުވީއެވެ.

“ދައްތަ އަހަރެން ބުނީމަ ޤަބޫލުކޮށްބަލަ، އެފެރީ ވަކިހިސާބަކުން ހުއްޓޭނެ، އޭރުން ދެވޭއިރު އަދި މާލަސްވާނެ” ބަލްޤިސް މިޝަލްއަށް ސަބަބު އޮޅުންފިލުވާ ދިނެވެ. މިޝަލް އެކަން ޤަބޫލުކުރިއެވެ.

މިޝަލް އަލައިނާ ގާތަށް އައިއިރު އަލައިނާ އިނީ ފޯނެއްގައެވެ. އޭނަ ދައްކަމުން ދިޔަ ވާހަކަތަށް އަޑުއިވިފައި އަލައިނާ ވާހަކަ އެދައްކަނީ ރެހާން އާއިކަން އެނގުނެވެ. “ލީން ހިނގާބަލަ މިތާ މައްޗަށް ކޮފީއެއް ބޯލަން” މާގިނައިރެއްނުވެ އަލައިނާ ފޯނުބޭއްވުމުން މިޝަލް ބުނެލިއެވެ. އަލައިނާ ފެރީގަޑި ޖެހިދާނެ ވާހަކަ ބުނުމުން މިޝަލް އެހެން ފެރީތައްވެސް އޮންނާނެ އޭ ބުނެލިއެވެ. އަލައިނާ ދެޚިޔާލެއްގައި ހުރެގެން ހުޅުމާލެ ޓާރމިނަލްގެ މަތީގައިވާ ސީހައުސް ރެސްޓޯރެންޓަށް އެރިއެވެ.

ބާރައިގެ ފެރިއަށް ނާރާ ބާރަގަޑިބައިގެ ފެރިއަށް ދެމީހުން އެރިއެވެ. ފެރީ ދުއްވަމުންގޮސް ދޫނިދޫއާ ހަމަވިއިރު އެދިމާލުގައި ބާރައިގެ ފެރި ހުއްޓިގެން އުޅެއެވެ. މިޝަލްއަށް ބަލްޤިސް ބުނިބަހުގެ ތެދުކަން ހާމަވިއެވެ. އަލައިނާ އަށް ފޯނެއް އައީ ހަމައެވަގުތުއެވެ. ފޯނުން ވާހަކަ ދެއްކުމަށްފަހު ފޯނު ބާއްވަމުން އެގުޅީ އާޚިލް ކަމުގައި މިޝަލްގާތު ބުނެލިއެވެ. އާޚިލް ގުޅީ މަލަކާ ބުނެގެން އަލައިނާ ގެއަށް އަންނަނީ ކޮންއިރަކުންތޯ ބަލާށެވެ. އޭނައަށް އަލައިނާއާއި މިޝަލް ދިޔައީ ކައިވެނި ޕާޓީއަކަށްކަން އެނގެއެވެ.

އާޚިލްއަށް އަލައިނާ އާއި މިޝަލް އެރީ ބާރަގަޑި ބައިގެ ފެރިއަށްކަން އެނގުމުން އެމީހުންނަށް އާދެވޭނީ އެކެއް ޖަހާކަން ހާއިރުކަން އެގެއެވެ. ގަޑިން އެކެއް ޖެހިތަނާ ފާރުގައި ހުރިގަޑި އެލާމް ވިއެވެ. ސިޓިން ރޫމުގައި ފިލްމެއް ބަލަންއިން އާޚިލް އަވަހަށް ތެދުވެ ކޮޓަރިއަށްގޮސް ޓީޝާޓްލައިގެން ސެންޓުބުރުވާލިއެވެ. އަދި މަންމަ ގާތު މިޝަލް ގެއަށް ލާންށޭ މިދަނީ ބުނެ ގެއިން ނުކުތެވެ. މަލަކާ އޭރު ނިދަން ކޮޓަރިއަށް ވަންނަނީއެވެ.

އާޚިލް އެމީހުންގެ ފްލެޓް ކުރިމަތީހުރި ބަސްހުއްޓާ ތަނުގެ ގޮޑީގައި އިށީދެލައިގެން އިނެވެ. އޭރު އަދި މީހެއްގެ ހިލަމެއްވެސް ނުވެއެވެ. އާޚިލް އިސްޖަހާލައިގެން އިންތާ ދެވަރަކަށް މިނެޓްވީފަހުން އޭނާ ސިއްސައިގެން ދިޔައީ މިޝަލްގެ އަޑުއިވިފައެވެ. އާޚިލް ސިހިފައި އަވަހަށް ބަލާލިއެވެ. އޭރު މިޝަލް އާޚިލްއާއި ދާދިގާތުގައި ހުއްޓިލައިގެން ހުއްޓެވެ. މިޝަލް މިރޭ އެހެން ރޭރެއަށްވުރެ ރީތިކަމަށް ފާހަގަ ކުރެވުނެވެ. އެއާއިއެކު އޭނަގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ.

“ނުދާނަންތަ މިރޭ އަހަރެން ގެއަށް ލާދޭކަށް؟” މިޝަލް އަހާލިގޮތުންވެސް އާޚިލްގެ ހިތް މަސްތުވިއެވެ. އެކަމަކު މިޝަލް އެކަނި ހުރުމުން އާޚިލް ހައިރާންވިއެވެ.

“ކޮބާ ލީން” އާޚިލް އަހާލިއެވެ.

“އޭނަ ދެންމެ އެވަނީ ގެއަށް، އާދޭ ދާން އޭނާ އަލުން ނުނިކުންނަނިސް” މިޝަލް އާޚިލްއަށް އަތްދިއްކޮށްލަމުން ބުނެލިއެވެ. އާޚިލްއަށް އަލައިނާ ނުފެނި ގެއަށް ވަނުމުން ހައިރާންވިއެވެ. އަލައިނާގެ މިޒާޖުގެ ގޮތުން އޭނާއަށް ގޮވާނުލާ ނުދާނެއެވެ. އެލާއިނާ މާބޮޑަށްވަރުބަލި ވެފައިހުރީކަމުގައި އާޚިލް ހީކުރިއެވެ.

މިޝަލްގެ އަތުގައި އާޚިލް ހިފާލީ ނުކެރިފައިހުރެއެވެ. އެއާއިއެކު މިޝަލް، އާޚިލްއާއި ގާތްވެލިއެވެ. އަދި އެތަނުން ދިއުމަށް އަވަސްވެ ގަތެވެ. އާޚިލް، މިޝަލްއާއެކު ހިގައިގަތްއިރު ފެރިން ފައިބައިގެން އެދިމާލަށް އަންނަ ދެއަންހެން ކުދިން ފެނެއެވެ. އެމީހުންނޫން ބަޔަކު އެހިސާބުގައި ނެތެވެ. އާޚިލް މިޝަލްގެ އަތުގައި ހިފައިގެން ހިނގައިގަތެވެ. އޭނާ ހުރީ މިޝަލް އޭނަގެ އަތުގައި ހިފާލާފައި ހުރިލެއް ގާތްކަމުން ބުނާނެ އެއްޗެއް ނޭނގިފައެވެ.

“ކުޑަކޮށް ހިނގާލާފަ ދޯ މިރޭ ގެއަށް ދާނީ” ހަމަހިމޭން ކަމުގެ ތެރެއިން މިޝަލްގެ އަޑު އަނެއްކާވެސް އިވުނެވެ. އެއަޑުގައި މިރޭ ހުރީ ކޮންފަދަ ޖާދޫއެއްހެއްޔެވެ. ލުއިހިނިތުންވުމަކާއިއެކު އާޙިލް ބޯޖަހާލީ މިޝަލް އެދޭގޮތަކަށް ކަންތައްކުރަން ބޭނުންވާތީއެވެ. އަނެއްކޮޅުން މިފަދަ ފުރުޞަތަކަށް އާޚިލް ބޭނުންވެފައި ހުއްޓާ މިރޭ އޭނާގެ ހުވަފެންތައް ސީދާވުމުގެ ފުރަތަމަ ސިގްނަލް ލިބުނީއެވެ.

އާޚިލް އާއި މިޝަލް އަތާއަތް ޖޯޑުކޮށްލައިގެން ކުރިމަތީއޮތް އަތިރި މަގަށް އެޅިއެވެ. މިޝަލްގެ ފިޔަވަޅުތައް އަވަސްކަން އާޚިލްއަށް އެނގުނެވެ. އެކަމަކު އެއީ މައްސަލައެއް ކަމަކަށް އާޙިލް ނުދެކެއެވެ. އޭނާ ހީކުރި ގޮތުގައި މިޝަލްވެސް ހުރީ އޭނާފަދައިން ހިތްއަވަސްވެފައެވެ. އާޚިލް މިޝަލް ގެއަށް ލާދެން ދާކޮންމެރެއަކުވެސް ހުންނަނީ މިފަދަކަމަކަށް އެދިލާހިތުންނެވެ. މިރޭ އޭނައަށްނޭހުނު ކަންތަކަށް މިޝަލް އަމިއްލައަށް އެދުނީއެވެ. މިޝަލްގެ ފަރާތުންވެސް އާޚިލް ބޭނުންވާފަދަ ސިގްނަލެއް ލިބުމުން މިރޭ  އާޙިލް ބޭނުންވަނީ އޭނާގެ ހިތުގެ އިހްސާސްތަކާއި މިޝަލްއަށްޓަކައި އޭނާގެ ހިތުގައި އުފެދިފައިވާ ލޯބި ހާމަކުރާށެވެ.

“ޝެބީ، ތިހެންލާފައި ދާއިރު ކިހާ އަނދިރިވާނެ” އާޚިލްއަށް މިޝަލް ގަސްތަކުގެ ތެރެއަށް ވަންނަން އުޅެން ފެށުމުން ބުނެލެވުނެވެ.

“އާޚިލް އަހަންނާއެކު ހިނގާބަލަ އެއްވެސް ކަމެއް ނުވާނެއޭ، އެހާ އަނދިރިއެއް ނުވާނެ. ހަނދުވަރުގެ އަލި ކޮންމެވެސް ވަރަކަށް އެބަދެއެންނު” މިޝަލް ގެ މޫނުމައްޗަށްވަނީ ފަޑުހިނިތުންވުމެއްވެރިވެފައެވެ. އަދި ކުރިއަށްވުރެ އާޚިލްއާއި ގާތްވެލާ އާޚިލްގެ އަތް މެޔާކައިރިކޮށްލިއެވެ. އެހިނދު އާޚިލް ބުނަންއުޅުނު ޖުމުލަވެސް ހަނދާންނެތުނެވެ. އަދި މިޝަލް އާއިއެކު ގަސްތަކުގެތެރެއަށް ހިނގައިގަތެވެ.

ދެމީހުން ނުކުތީ އަތިރިމައްޗަށްށެވެ. އާޚިލް ގަސްތަކުތެރެއިން ލާފައި އައުމުން އޭނާ ހުރީ އާދެވުނު ހިސާބު ނޭނގިފައެވެ. މޫދު ފެންނަ ހިސާބަށް ނުކުމެނުއިރު އެއީ އާޚިލް އަދި ދުވަހަކުވެސް ނާންނަ ސަރަޙައްދެއްކަން ޔަޤީންވިއެވެ.

“މީ ކޮން ހިސާބެއް، ޝެބީ އަންނަންތަ މިހިސާބަށް” އާޚިލްއަށް އަހާލެވުނެވެ.

“އާން! ފުދޭވަރަކަށް އަންނަން، އެކަނިވެލަން އަންނަނީ” މިހެންބުނެ މިޝަލް ދޮންވެލިގަނޑުގައި ހިނގާލިއެވެ. މިޝަލްގެ ރީތިކަން ފެނިފައި އާޚިލްގެ ހިތާ ސިކުނޑި މޮޔަވާވަރުވެއެވެ. ޝައިޡާނާގެ ވަސްވާހުގައި އާޚިލް ޖެހި މިޝަލްގެ ރީތި ދޮން ހަށިގަނޑުގައި ބީހިލަން ހިތައްއަރާވަރުންވެސް އޭނާއަށް ހުރެވެނީއެއްނޫނެވެ.

“ކީއްވެ ތިހާވަރަށް ތިބަލަނީ” މިޝަލް ލޮނުގަނޑުން ފައިތެތްމާލާފައި އެނބުރުނުއިރު އާޚިލް ބަލަހައްޓައިގެން ހުރިގޮތުން އަހާލިއެވެ.

“ޝެބީ މިރޭ އެހެންރޭރެއަށްވުރެންވެސް ރީތިވީމަ ހަމަ ބެލެނީ، ތި ހެދުމުގެ ރީތީކަންވެސް އިތުރުވަނީ މިރޭ ޝެބީ ތިހެދުން ލައިގެން ހުރުމުން” އާޚިލްއަށް އެހެން ބުނެލެވުނީ އެއްވެސް އިޙްތިޔާރަކާ ނުލައެވެ. އެހިނދު މިޝަލްގެ ހުނުމުގެ އަޑު ފަޒާގެތެރޭގައި ހަރުލައިގެންދިޔައެވެ. އާޚިލް ނޫން އެހެން ފިރިހެނެއް ނަމަވެސް މިޝަލް އެގޮތަށް އެހާ ގާތުން ފެނުމުން އެމީހެއްގެ ހޭބުއްދިފިލައިގެން ހިނގައިދާނެއެވެ. އެހާވެސް ރީތީއެވެ. ކަޅުކުލައިގެ ދިގުހެދުމެވެ. ހެދުމުގެ ތެރެއިން މިޝަލްގެ ހަށިގަނޑުގެ ބައްޓަންތައް ފާޅުވެއެވެ. ކޮޑު ފޮރުވާލެވިފައިވަނީވެސް ހަމައެކަނި ވަށައިގެން އަޅައިފައިވާ ތުނިތުނި ފޮތިކޮޅަކުންނެވެ. ހެދުމުގެ ތިރީގައި ރަތްކުލައިގެ ކުދި މާތަކެއްވެއެވެ. އިސްތަށިގަނޑު ނިއުޅާލާފައިވާއިރު ކަންފަތްކައިރިއަށް ޖަހާލާފައިވާ ރަތްމަލުން މިޝަލްގެ މޫނު ފުރިހަމަކޮށްދެއެވެ.

ވެލިގަނޑުގައި ހޭކެމުން ދިޔަ މިޝަލްގެ ހެދުން އޭނާ އެއްއަތުން ހިއްލާލިއެވެ. އަދި އާޚިލްއަށް އަނެއް އަތްދިއްކޮށްލިއެވެ. އާޚިލް އެދައުވަތަށް މަރުޚަބާކީ އުފަލުންނެވެ. މިޝަލްގެ އަތްތިލާގައި ހިފާ ބޮސްދިނެވެ. އަދި ގެނެސް މޭގައި ބޮނޑިކޮށްލިއެވެ.

“ޝެބީ، އަހަރެން….އަހަރެން….އަހަރެން ޝެބީ ދެކެ ވަރަށް ބޮޑަށް ލޯބިވޭ، އައި ލަވް ޔޫ ސޯ މަޗް” އާޙިލް، މިޝަލް އޭނާގެ އަތުތެރޭ ކުރިއަށްވުރެ ބާރަށް ހިފަހައްޓާލިއެވެ. މިޝަލް އެއްވެސް އެއްޗެއް ނުބުނެއެވެ. އޭނާ މަޑުމަޑުން އާޚިލްއާ ދުރަށްޖެހެންފެށިއެވެ. އެކަމަކު އާޚިލް މިޝަލް އޭނައާއި ދުރަށްދާކަށް މިވަގުތު ބޭނުމެއް ނޫނެވެ. އެހެންވެ މިޝަލްގެ އަތުގައި ހިފާ އޭނައާއި ދިމާލަށް ގެނެއެވެ. މިޝަލް އައިސް އާޚިލްގެ ގައިގާ ފުރަގަހުން ޖެހުނެވެ. އާޚިލް އަށް އޭނާގެ ނަފްސު ކޮންޓްރޯލެއް ނުކުރެވުނެވެ. މިޝަލްގެ ކޯތާފަތުގައާއި ކަނދުރާގައާ ކޮނޑުގައި ބޮސްދޭންފެށިއެވެ. މިޝަލް އަށް ކުޑަކޮށް އުނދަގޫވާހެން ހީވެއެވެ. އާޙިލް މަޑުމަޑުން މިޝަލްގެ ހަށިގަނޑުގައި އަތްބީއްސަންފެށިއެވެ.

ކުއްލިއަކަށް އާޚިލް ސިއްސައިގެން ދިޔައީ މިޝަލް، އާޚިލްގެ ބަނޑުގައި އަތްއަޅާ ފަހަތަށް ކޮއްފާލުމުންނެވެ. އާޚިލް ފަހަތަށް ގޮސް ނުވެއްޓުނީ ކިރިއާއެވެ. އޭނައަށް ކުރެވެން އުޅުނުކަންތައް މަތިން ވިސްނާލެވުނީ ދެނެވެ. ފަސްދީގެން ހުރި މިޝަލްގެ ގާތަށް ހިނގައިގަތެވެ.

“ޝެބީ، ސޮރީ، އަހަންނަށް މާފުކުރޭ” އާޚިލް މިޝަލްގެ ކޮނޑުގައި އަތްލަމުން ބުނެލިއެވެ. ކުއްލިއަކަށް މިޝަލް އެނބުރިލިއެވެ. އާޚިލްއަށް ހަޅޭ ލަވައިގަނެވުނެވެ. އަދި ސިހިގެންގޮސް ފަހަތަށް ދެފިޔަވަޅު ވަރު އެޅުނެވެ. އޭނާގެ ކުރިމަތީ ހުރީ މިޝަލްއެވެ. އެކަމަކު އޭނަގެ އެއްލޯހުރީ އެއްކޮށް ކަޅުކުލަ އަރާފައެވެ. އަނެއްލޯ ހީވަނީ ރަތް އަނގުރު ކަނޑެއްހެންނެވެ.

“ކަލޭ އަހަންނާ ދެން ކައިރިވެބަލަ، ކީއްވެ ދުރަށް ތިދަނީ، އާދޭ މަގޭ ގާތަށް” މިޝަލްގެ ސިފައިގައި ހުރި އެތި އާޚިލްއަށް ބުންޏެވެ.

“ތީކާކު، ކޮބާ ޝެބީ، ތީކާކު” އާޚިލް ހުރީ ބިރުގަނެފައެވެ. ވަށައިގެން ހޯދާލިއިރު ދެވޭނެ މަގެއް ނެތެވެ. އެއްފަރާތުގައި އޮތީ މޫދެވެ. އަނެއްފަރާތުގައި އޮތީ ގަސްތަކެވެ. އެހަނަސް އާޚިލް މަޑުމަޑުން ފަހަތަށް ޖެހެންފެށިއެވެ. ދުއްވައިގަންނަން ހިތަށްއެރިއެވެ. އެކަމަކު ފުރަގަސް ދީފިނަމަ މާގޯސްވާނެކަން އެނގެއެވެ. މިޝަލްގެ މޫނުގެ އެއްފަރާތަށް ކަޅުކުލައަރަމުން ދިޔައެވެ. އަދި އާޚިލް ބަލަބަލާ ހުއްޓާ އޭތީގެ އަސްލު ސިފައަށް ބަދަލްވިއެވެ. އޭތީ ބޮޑުވަމުންގޮސް އާޚިލްގެ ދެމީހުންވަރު ވެއްޖެއެވެ. އާޙިލްއަށް އަޑުގެ ނެތްކޮޅަށް ހަޅޭ ލަވައިގަނެވުނެވެ. ކޮންމެވެސް މީހަކަށް އަޑުއިވޭތޯއެވެ. އާޚިލްއަށް ހަޅޭލަވަމުން ދުއްވައިގަނެވުނެވެ. ނަމަވެސް ދެތިންފިޔަވަޅު އެޅުނުތަނާ ބުރަކަށީގައި ތޫނުއެއްޗެއް އަޅުވާލިކަން އެނގުނެވެ. އަދި އާޚިލްގެ ޓީޝާޓުގައި ހިފައި ދަމަމުން ގެނެސް ރާޅުޖަހާ ހިސާބަށް އެއްލާލިއެވެ.

“ކަލޭވެސް އޭނަ ބޭނުން، އަހަރެންވެސް އޭނާ ބޭނުން، ދެމީހުންނަށް އެކަކެއް ނުލިބޭނެއެންނު، ކަލެއަށްވެސް އެވަރު އެނގެއެންނު” އޭތި ބުނަމުންދިޔައެވެ.

“ކަލޭތީ ކާކު؟ ތީ ކާކުހޭ؟ އަހަރެންގެ ކުށަކީ ކޮބާ؟ ކަލޭ އަހަންނާ ތިދިމާކުރަނީ ކީއްވެ؟” އާޚިލް ވެއްޓިފަ އޮތްތަނުން ތެދުވަމުން ތުރުތުރު އަޅައަޅާ އޮތް އަޑުން ހަޅޭލަވަންފެށިއެވެ. އޭތި އަނެއްކާވެސް އާޙިލްގެ ގައިގާ އަޅާ މޫދާ ދިމާލަށް ކޮށްޕާލިއެވެ. އޭތި ބޭނުންވަނީ އާޚިލް މޫދަށް ލާށެވެ. އެއްގަމަށް އެރިޔަ ނުދޭންށެވެ.

“ކަލޭ ކަހަލަ ބަލިކަށި އިންސާނެއް މަރާލުމަކީ އަހަންނަށް އެއްވެސް ކަމެއް ނޫން، ކަލޭ މަރާލުމުގެ ކުރިން އަހަރެންގެ ނަން މިބުނަނީ އަހަންނަކީ ކާކުތޯ ސުވާލުކުރާތީ، އާން! ރަނގަޅަށް އަޑުއަހާ، އަހަންނަށް ކިޔަނީ ރޫފަސް، ކަލެއަށް އަހަރެންގެ ނަން އެނގުމަކުން އަދި އަހަންނަކީ ކާކުކަން އެނގުމަކުން ކުރާނެ ފައިދާއެއް ނެތް، މީ ކަލޭ ދުނިޔެއަށް ނޭވާލާނެ އެންމެ ފަހު ހިނދުކޮޅު، ކަލޭގެ ކުށަކީ އަހަރެންގެ ލޯބިވެރިޔާ އާއި ކައިރިވާން މަސައްކަތް ކުރުން، އެކަމުގެ ސަޒާ މީ…ހަހަހަހަ…” ރޫފަސް ނުބައި އަޑަކުން ހޭންފެށިއެވެ. އާޚިލް ސަލާމަތް ވުމަށް މަސައްކަތް ކުރިއެވެ. އެކަމަކު ރޫފަސްގެ ހަރަކާތް މާއަވަހެވެ. އޭނާ އާޙިލްނަގާ މޫދަށް ޖެހިއެވެ.

ހިތްވަރު ދޫކޮށްލަން ބޭނުންނުވާތީ އާޚިލް ވެސް ރޫފަސްގެ ކިބައިން ސަލާމަތް ވުމަށް މަސައްކަތް ކުރަމުން ދިޔައެވެ. އޭރު އާޚިލް މޫދުގައި ހުރިއިރު އޭނާގެ މެއާއި ހަމަޔަށް ލޮނުގަނޑު އަރައެވެ. އެއާއިއެކު އޭނާ ހުރީ ވަރަށް ބޮޑަށް ވަރުބަލިވެފައެވެ. ހަޅޭލަވަ ލަވާ އަރުބެދޭ ގޮތްވެއްޖެއެވެ. ގައިގެ އެތަން މިތަނަށް ބޮޑެތި ޒަހަމްތަކެއް ލިބެމުންދިޔައެވެ. އެގޮތުން ރޫފަސް އާޚިލް ލޮނުގަނޑުގެ ތެރެއަށް ގަންބާލި ވަގުތެވެ. އާޚިލްގެ އަތުގައި ޖެހުނީ ވެލިގަނޑުގައި އޮތް ދަގަނޑެކެވެ. އެއީ އާޚިލްގެ ނަސީބުކަމެއް ނޭނގެއެވެ. އާޚިލް ވަގުތުން ދަނގަޑު ނަގާ ރޫފަސް އާއި ދިމާލަށް ހޫރާލިއެވެ. އެއާއެކު ބާރު އަޑުފަށްގަޑެއް އިވިގެން ދިޔައެވެ. ރޫފަސް ވޭނާއެކީ ހަޅޭލަވައިގަތީއެވެ. އާޚިލް ރަނގަޅަށް ބަލާލިއިރު ދަގަނޑު ހެރިފައި އިނީ އޭތީގެ ކޮނޑަށެވެ.

އެއާއިއެކު ރޫފަސް ހެދި ނުހެދިއެއް އާޚިލްއަކަށް ނޭނގުނެވެ. އާޚިލްގެ އަނގައިންނާއި ނޭފަތުން ލޭއަންނަން ފެށިއެވެ. ރޫފަސްގެ އަތްއޮތީ އާޚިލްގެ ބަނޑުގެ ތެރޭގައެވެ. އާޚިލްގެ ދެލޮލަށް އަނދިރިވާހެން ހީވިއެވެ. އާޙިލް އޭނަގެ ގައިގާ ބާކީ ހުރި ހަކަތައިގެ އެހީގައި ރޫފަސްގެ އަތް ނެރެން މަސައްކަތް ކުރިއެވެ. އެކަންވީ ނާކާމިޔާބެއެވެ. ރޫފަސް އޭނާގެ އަނެއް އަތުން އާޚިލްގެ ކަނދުރާ ބިންދާލިއެވެ. އަދި އާޚިލްގެ މޭކަށިގަނޑުގައި ހިފައިގެން އުދައްސައިގަތެވެ. ކުޑަކުޑަ ހިނދުކޮޅެއްގެ ތެރޭ އާޚިލްގެ ފުރާނަ އޭނާގެ ހަށިގަނޑާ ވަކިވީއެވެ. އެއްވެސް ރަހުމެއްނެތް ގޮތުގައި ރޫފަސް އާޚިލްގެ ފުރާނަނެތް މަސްގަނޑު ހިފައިގެން އުދުހެމުން ދިޔައިރު އެހަށިގަނޑުން ލޭތަށް ފައިބަމުން ދިޔައެވެ.

ގޮނޑުދޮށް ހަމަހިމޭންވެ އިރުގެ ދޯދިތަށް އެޅެންފެށިއެވެ. އާދުވަހަކަށް އިރުއެރީއެވެ. ދޮންވެލި ގަނޑުގައި އާޚިލް ދަމާފައި މޫދަށް އެއްލާލި ގޮތް އެނގެން ހުއްޓެވެ. އެނޫން ނިޝާނެއް ފެންނާކަށްނެތެވެ. މޫދަށް އާޚިލްގެ ހަށިގަނޑުން އެޅުނު ލޭތަށްވެސް ޖަހާރާޅުގެ ސަބަބުން ކުލަމަޑުވެގެން ގޮސްފިއެވެ. މި ދުނިޔެއިން އާޚިލްގެ ނަންފޮހެވުނީއެވެ. ދެން އޭނާ ދުވަހަކުވެސް އެނބުރިއެއް ނާންނާނެއެވެ.

ކޮޓަރީގައި ހުރި ބަލްޤިސް ކުޑަދޮރުގެ ފޮތިގަނޑު އެއްފަރާތަކަށް ކަހާލިއެވެ. އަދި މިޝަލްގެ އެނދު ކައިރީ އޮތް ކާޕެޓު މަތީ އިށީނެވެ. ފަތިހު ހޭލިގޮތަށް ނުނިދިފައި އޮތް މިޝަލް ޓީވީ ބަލަން އޮތެވެ. އެކަމަކު ކަމުދާ ކަހަލަ ޗެނެލަކާ ދިމަލެއް ނުވިއެވެ. ބަލްޤިސް މިޝަލްގެ އަތުގައި އޮތް ރިމޯޓުގެ ޗެނެލް ބަދަލްކުރާ ފިތަށް ފިއްތާތަން ވަރަށް ޝައުގުވެރިކަމާއެކު ބަލަން އިނެވެ.

“ދައްތާ، އަހަރެން ތިއެއްޗަށް ފިއްތާލަ ދެންތަ” ބަލްޤިސް ރިމޯޓާ ކުޅެލާހިތުން ބުނެލިއެވެ. މިޝަލް ކައިރިއަށް ހިނިއައެވެ.

“މީ ކުޅޭ ކުޅޭ އެއްޗެއް ނޫނޭ، މިތަނަށް ފިއްތީމަ އެންނު ޓީވީއިން އެފެންނަ މަންޒަރުތައް ބަދަލް އެވަނީ” ބަލްޤިސްއަށް ރިމޯޓު ބޭނުންކުރަނީ ކީއްކުރަންކަން ބުނެދިނެވެ. އަދި އޭނާގެ އަތަށް ރިމޯޓު ދިނެވެ. ބަލްޤިސް ވަރަށް ހިނިއައިސްފައި ޓީވީގެ ޗެނެލްތައް ބަދަލް ކުރަންފެށިއެވެ. މިޝަލްއަށް މައްސަލައަކަށްވީ ބަލްޤިސް ކޮންމެ ކަމެއްކުރިއަސް އާދައިގެ އިންސާނަކަށްވުރެ އޭނާގެ ހަރަކާތްތައް އަވަސްވުމެވެ. އެހެންވެ ބަލްޤިސް ގާތު ލަސްލަހުން ކަންތައްތައް ކުރުމަށް ބުނަންޖެހެއެވެ.

ހެނދުނު ނުވައެއް ޖަހަން އުޅެނިކޮށް މިޝަލް ކޮޓަރިން ނުކުތީ ބަނޑުހައިވެގެންނެވެ. އޭރު ބަލްޤިސް ވެސް އޭނަ އެދާތަނަކަށް ގޮއްސިއެވެ. ފަހުން އަންނާނަންކަމުގައި ބުނަމުންނެވެ. ހަމަ އެވަގުތު މިޝަލް ދޮރުން ނުކުމެ ނުކުމެ ހުއްޓާ ފޯނު ރިންގުވާންފެށިއެވެ. އެހެންވެ ފޯނުނަގާ ހެލޯ އޭ ބުނަމުން ކޮޓަރިން ބޭރަށް ހިނގައިގަތެވެ.

“ހެލޯ، ޝެބީ…ހެލޯ…” އަލައިނާ ފޯނުން ވާހަކަދެއްކިއެވެ. އޭނަ ހުރީ ވަރަށް ހާސްވެފައެވެ.

“ލީން، ލީން، ހަމަޖެހިބަލަ، އަނެއްކާ މިއޮއްހެނދުނާ ކިހިނެއްތަވީ، ރެހާން އިންނަން އެހީތަ” މިޝަލް ސަމާސާ ރާގަކަށް ބުނެލިއެވެ. އަލައިނާގެ ހާސްކަން އޭނާގެ އަޑުން ފިލައިގެނެއްނުދެއެވެ.

“ޝެބީ، ދޮންބެ ގުޅިތަ، ރޭގަވިޔަސް މިއަދުވިޔަސް” އަލައިނާ އަހާލިއެވެ.

“ނޫން، ރޭގަ ލީންއަށްވެސް އެނގޭނެ އަހަރެން ދިޔައީ އެކަނިކަން، އާޙިލް އަހަންނަކަށް ނުގުޅާ” މިޝަލް އަލައިނާ އެހާހެނދުނާ ކުރިސުވާލުގެ ސަބަބުން ވަރަށް ހައިރާންވިއެވެ. އަދި އަލައިނާ ފޯނު ބާއްވަން އުޅެނިކޮށް މިޝަލް އަލައިނާގާތު ކިހިނެއް ވެގެންތޯ ތިއުޅެނީ އަހާލިއެވެ.

“ޝެބީ ދޮންބެ ނެތް ކޮޓަރިއަކުވެސް، ރޭގަ އަހަރުމެން ގެއަށް އަންނަހާއިރު ކޮށްލާފައި މަންމަ ގާތު ބުނީ މިދަނީ ޝެބީ ގެއަށް ލާށޯ، އެހެން ބުނެފައި ގެއަށް އައިއިރެއް ނޭނގެ، ދޮންބެ ނުތެދުވެގެން މަންމަ ގޮސް އެކޮޓަރި ހުޅުވިއިރު ކޮޓަރީގައި ނެތީމަ ދެން ފޯނަށް ގުޅަގުޅާ ފޯނެއްވެސް ނުނަގާ، ޝެބީއަށް އެނގެއެންނު ދެން މަންމަ ކަންތައްބޮޑުވާނެވަރު، މަވެސް ހައިރާންވީ ދޮންބެ މިގަޑީގައި އޮފީހަށްދާން ތެދުވެނޫޅޭތީ، އޭނައަށް މަންމަގެ އަތުން ސައިބޮއެގެންނޫނީ އޮފީހަށް ދެވޭކަމަކަށް ނުވާނެ، އެހެންވެ މިއަދު ކިހިނެއްވީބާއޭ ހިތަށް އަރަނީ” އަލައިނާ ބުނެލިއެވެ.

“ލީން، އާޙިލްގެ އޮފީސް ކުއްޖަކަށް ނޫނީ އޭނާގެ ރައްޓެއްސަކަށް ގުޅާލަބަލަ، އަހަރެންގެ ހިތެއްވެސް ނުބުނޭ އާޙިލް ނުބުނެ އެއްވެސް ތަނަކަށް ހިނގައިދާނެހެން. މަލަކާމަންމަ ވަރަށް ހާސްވެފަދޯ ހުރީ، އަހަރެން އެބަދަން ތިކޮޅަށް. އިރާދަކުރެއްވިއްޔާ އާޚިލް ގެއަށް އައިސްދާނެ ވަރަށް އަވަހަށް، ދެން އެހާ ކަންބޮޑުނުވޭ” މިޝަލްއަށް ލިބުނު އާދަޔާ ޚިލާފު ޚަބަރާއިގެން އަލައިނާމެންގެ ފްލެޓަށް ދިއުމަށްޓަކާ ތައްޔާރުވުމަށް އުޅެގަތެވެ.

“މަންމާ، މަންމާ……” މިޝަލް ހަފްސާގެ ކޮޓަރީގައި ޓަކިޖެހިއެވެ. ޚަބަރެއް ނުވުމުން އޭނާގެ ކޮޓަރިއަށް ގޮސް ބޭރަށް ދިއުމަށްޓަކައި ހެދުން ބަދަލުކޮށްލިއެވެ. އޭރު ހަފްސާވެސް ކޮޓަރިން ނުކުންނަނީއެވެ.

“ޝެބީ ދޯ ދޮރުގައި ޓަކިޖެހީ” ހަފްސާ އަހާލިއެވެ.

“މަންމާ، ލީން ދެންމެ ގުޅާފައި ބުނީ އާޚިލް ގޭގަނެތްވާހަކަ އަދި އޭނާ ދިޔަތަނެއްވެސް ނޭނގިގެން މަލަކާމަންމަ އުޅޭވާހަކަ، މަންމަ ދާންވާނެއެންނު، އަޅުގަނޑުވެސް މިދަނީ އެގެއަށް، މަންމަވެސް އަޅުގަނޑާއެކު ދާންވީނު” މިޝަލްއަށް ލިބުނު ކުއްލި ޚަބަރު ހަފްސާއަށް އޮޅުންފިލުވައިދިނެވެ. ހަފްސާވެސް ހައިރާންވިއެވެ. އަދި މިޝަލްގެ ޚިޔާލާ ދެކޮޅު ހެދުމެއްނެތި އޭނާއާއެކު ދިއުމަށް ތައްޔާރުވިއެވެ.

ގިނައިރެއްނުވެ މިޝަލްއާއި ހަފްސާއާ ދެމައިން ތިބީ މަލަކާ ދިރިއުޅެމުންދާ ފްލެޓުގެ ސިޓިންގ ރޫމުގައެވެ. މަލަކާގެ މޫނުމަތިން ފެންނަމުން ދިޔައީ ކަންބޮޑުވުމާ ހާސްކަމެވެ. އާޚިލް މިގޮތަށް ކަންތަށް ނުކުރާނެކަން މަލަކާއަށް ޔަގީންވެއެވެ. އަލައިނާ އާއި ޝެބީ އާޚިލްގެ ރައްޓެހި ކުދިންނަށް ގުޅިއެވެ. އާޚިލްގެ މާގިނަ ރަޚްމަތްތެރިންނެއް ނުތިބެއެވެ. އެމީހުންގެ ފަރާތުންވެސް އެނގުނު ގޮތުގައި އާޚިލް މިއަދު އޮފީހަކަށް ނާދެއެވެ. އަދި އެމީހުންނަށްވެސް ގުޅާފަކައި ނުވެއެވެ. ހަފްސާ އޭނަގެ ދަށުން މަސައްކަތް ކުރަން ގެންގުޅޭ ބައެއް ފިރިހެން ކުދިންނަށް ގުޅާލިއެވެ. އަދި އެފްލެޓަށް ގެނެސް އާޚިލްގެ ފޮޓޮއެއް ދިނުމަށްފަހު ރަށުތެރެ ބަލާލަދިނުމަށް އެދުނެވެ. އެމީހުންވެސް އެކަމައިގެން އަވަސްވެ ގަތެވެ.

އާޚިލް ފެނޭތޯ ހޯދަން ނުކުތް ގުރޫޕު މެންދުރު ވި އިރުވެސް އާޚިލްގެ އެއްވެސް ނިޝާނެއް ނުފެނުމުން އެނބުރި ހަފްސާމެން ކައިރިއަށް އައެވެ. އޭރު މަލަކާއަށް ހާސްވެގެންގޮސް މީހުންނާ ރަގަޅަށް ވާހަކަވެސް ނުދެއްކެއެވެ. ހަފްސާ މަލަކާއަށް ހިތްވަރު ކުރުމަށް ބުނަމުން ދިޔައެވެ. އަދި މިވަގުތު އެންމެ އިސްކޮށް ކުރަންވި ކަންތައްތަށް ހަފްސާ ވިސްނާލިއެވެ. އެއީ މަލަކާއަށް ލިބިފައިވާ ޝޮކުން އޭނަގެ ސިކުނޑި މިކަހަލަ ވަގުތެއްގައި ރަގަޅަށް މަސައްކަތް ނުކުރާނެކަން އެނގޭތީއެވެ. ހަފްސާ ވަގުތު ބޭކާރު ނުކޮށް އޭނަގެ މުވައްޒަފުން ގާތު އެމީހުންގެ މަސައްކަތަށް އެނބުރި ދިއުމަށް ބުންޏެވެ. އަދި ފޯނުނަގާ 119 އަށް ގުޅާލިއެވެ.

“ހެލޯ، މިގުޅާލީ މީހަކު ގެއްލިގެން ވީނުވީތަނެއް ނޭގޭތީ އެކަން ރިޕޯރޓް ކުރުމަށް….” ހަފްސާ ބުނެލިއެވެ. 119 އިން ހަފްސާއަށް އިރުޝާދު ދެއްވީ ގެއްލިގެން އުޅޭ މީހާ ނުވަތަ ކުއްޖާގެ ޒިންމާދާރު ބޭފުޅަކު ނޫނީ ބެލެނިވެރިޔަކު ހުޅުމާލެ ޕޮލިސް ސްޓޭޝަނަށް އެކަން ރިޕޯރޓު ކުރުމަށެވެ. ހަފްސާ ފޯނު ބޭއްވުމަށްފަހު މަލަކާ ގާތު އަވަހަށް ޕޮލިސް ސްޓޭޝަނަށް ދިއުމަށް ބުންޏެވެ.

ހުޅުމާލެ ޕޮލިސް ސްޓޭޝަނަށް ވަދެވުމާއެކު މޭޒެއްގެ ދޮށުގައި އިން ޅަފިރިހެން ކުއްޖެއް ސުވާލު ކުރަންފެށިއެވެ. ހަފްސާ މަލަކާގެ ބަދަލުގައި ވެގެން އުޅޭގޮތް އޮޅުން ފިލުވާދިނެވެ. އަދި އެ ފިރިހެން ކުއްޖާ ހަފްސާ އާއި މަލަކާ ގެންގޮސް ދެފަށް އަރާފައިވާ ފުލުސް އޮފިސަރެއް އިން މޭޒެއްގެ ކައިރީ ބައިންދާފައި ވެގެން އުޅޭގޮތް އޭނައަށްވެސް ސާފުކޮށްދިނެވެ. އެ ފިރިހެންކުއްޖާ އޭނަ އަމިއްލައަށް ތަޢާރަފްވެލިއެވެ. އޭނައަށް ކިޔަނީ ކޯޕްރަލް ފައިޒަން އަޚްމަދު އޭ ބުނެލިއެވެ. އަދި ގެއްލިގެން އުޅޭ ފަރާތުގެ މައޫލޫމާތު ނޯޓު ކުރުމަށްޓަކާ އޭނަ ފޯމެއް ނެގިއެވެ. ކޯޕްރަލް ފައިޒަން ކުރަމުން ދިޔަ ސުވާލުތަކަށް މަލަކާ ޖަވާބު ދެމުން ދިޔައެވެ. އަދި ފޯމު ފުރުމާއެކު މަލަކާގެ ބަޔާނެއް ނެގުނެވެ. އާޚިލް އެންމެ ފަހުން ގެއިން ނުކުތްއިރު ހުރިގޮތުގެ ތަފްސީލުވެސް ކިޔާދިނެވެ. ކޯޕްރަލް ފައިޒަން ބުނިއްވި ގޮތުގައި އެހިސާބުން މައްސަލައެއްގެ ގޮތުގައި އެކަން ފައިލް ކުރެވުނީއެވެ. އަދި އާޚިލްގެ ފަހުގެ ފޮޓޯއެއް ދެއްވުމަށް އެދިލެއްވިއެވެ.

“ކޮންއިރަކުންތޯ ތިބޭފުޅުން މިކަންތައް ބައްލަވަން ފައްޓާނީ” ކެތްމަދުވެފައިވާ މަލަކާއަށް އަހާލެވުނެވެ.

“ހަމަ މިހާރު އިނގޭތޯ، މާލޭގެ ހުރިހާ ވިލީ ފުލުސް ތަކަށާއި ރާއްޖެތެރޭގެ ޕޯސްޓުތަކަށް އަޅުގަނޑުމެން މިމަޢުލޫމާތު ފޯރުކޮށްދޭނަން، އަދި މީހާ އާއި ބެހޭ އިތުރު އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ ވީ އެންމެ އަވަހަކަށް ތިފަރާތަށް އެކަން އަންގާނަން، ތިބޭފުޅުންވެސް ވާނެ ގެއްލިގެން އުޅޭ މީހާގެ މަޢުލޫމާތެއް ލިބިއްޖެނަމަ އަޅުގަނޑުމެންނަށް އަންގާލަ ދެއްވަން، އަޅުގަނޑުމެންވެސް ގެއްލުނު ފަރާތްފެނޭތީ ވަރަށް މަސައްކަތްކުރައްވާނަން” ކޯޕްރަލް މުޙައްމަދު އަޙްމަދު ބުނުއްވިއެވެ.

އެނބުރި މަލަކާ ގޮވައިގެން ހަފްސާ އައިއިރު މަލަކާގެ ލޮލުން ކަރުނަ ހިލެއެވެ. އޭނައަށް ހަދާނެ ގޮތްހުސްވެއްޖެއެވެ. ކިތަންމެ ފަހަރަކު އާޚިލް ދިޔައީ ކޮންތާކަށް ބާއޭ މަލަކާގެ ހިތަށް އަރައެވެ. ގޭތެރޭގައި އިން މިޝަލް ދެކޮޅަށް ހިނގާލަ ހިނގާލަ ހުއްޓެވެ. ބަލްޤިސް އަންނަނިކޮށް އާޚިލް ވީތަނެއް ހޯދުމަކީ އެހާ އުނދަގޫ ކަމެއްނޫނޭ މިޝަލްގެ ހިތަށް އެރިއެވެ. އެކަމަކު ބަލްޤިސްގެ ހަބަރެއް ވާނޭއިރެއް މިޝަލްއަކަށްވެސް ނޭނގެއެވެ. ދޮރުން ވަން މަލަކާފެނިފައި އަލައިނާ މަލަކާގެ ގައިގާ ހިފަހައްޓާލިއެވެ. މިޝަލް އަށް އެވަގުތު ހަދާނެ ގޮތެއްނޭގިފައި މަލަކާއަށާ އަލައިނާއަށް ބަލަން ހުރެވުނީއެވެ. އޭނަ ދުވަހަކުވެސް މަލަކާ ރޮނިކޮށް ނުދެކެވެ. އެހެންވެގެންނާއިއެކު މިޝަލްގެ ހިތަށް ވަރަށް އަސަރުކުރިއެވެ.

ހަފްސާ، މަލަކާއަށް ހިތްވަރު ކުރުމަށް ބުނަމުންދިޔައެވެ.

“މަލަކާ އަދިވެގެން އުޅޭ ގޮތެއްވެސް ނޭގެއެންނު…..ފަހަރެއްގަ އާޚިލް އައިސްވެސް ދާނެ އެންނު” ހަފްސާ ވާހަކައިން އޭނަ އާޚިލްއަށް ދެރަގޮތެއް މެދުވެރިވެދާނެ ކަމަކަށް ގަބޫލު ނުކުރާފަދައެވެ.

“ހަފްސާ، އާޚިލް…..އާޚިލްއަށް ކޮންމެވެސް ކަމެއް ވެއްޖެ، އަހަރެންގެ ހިތް ވަރަށް ބިރުގަނޭ، އާޚިލްއަކީ ބޭރުތެރޭގައި އުޅޭ ކުއްޖެއް ނޫން، އޭނައަށް ވީ ކިހިނެއް ކަމެއްވެސް ނޭނގެ، އޭނައަށް ކަމެއް ނުވާނަމަ މިހާއިރު ވަންދެން ގެއަށް ނައިހެއް ނުހުންނާނެ، ހަފްސާ…..” މަލަކާއަކަށް އިތުރަށް ވާހަކަދެއްކޭ ގޮތެއް ނުވިއެވެ. އޭނަގެ އަރުބެދޭ ގޮތްވަނީއެވެ. އޭނައަށް ރޮވެނީއެވެ. އެއްވެސް ހިފެހެއްޓުމެއްނެތިއެވެ. ބޭއިހްތިޔާރުގައި މަލަކާއަށް މޫނުގައި އަތްއަޅާލެވުނެވެ. އަދި އޭނައަށް ބާރަށް ރޮވެންފެށުނެވެ.

މަލަކާގެ ކޮނޑުގައި އަތްލައިގެން އިން އަލައިނާގެ ދެލޯ ފެންކަޅިވަމުން ދިޔަ މަންޒަރު މިޝަލްއަށް ފެނުނެވެ. އަލައިނާ އޭނަގެ ލޮލުގައިވާ ކަރުނަތަށް ހިފަހައްޓަން މަސައްކަތް ކުރިއެވެ. އެކަމަކު އަލައިނާ އޭނަގެ މަންމަ، މަލަކާގެ ރުއިމުގެ އަޑު އަހާނެހާ ހިތްވަރުގަދައެއްނޫނެވެ. އޭނަގެ ލޮލުން ވެއްޓުނު ފުރަތަމަ ކަރުނަތިއްކާއެކު ތުންފަތް ފިއްތާލީ ބާރަށް ރޮވިދާނެތީއެވެ. އޭރުން މަލަކާއަށް އަދި މާ އަސަރުކުރާނެކަން އެނގޭތީއެވެ. މިޝަލް އަވަސް އަވަހަށް އަލައިނާގެ ކައިރީ އިށީނެވެ.

“ލީން….” މިޝަލް އަލައިނާގެ މޫނުގައި ހިފާ އޭނައާއި ދިމާލަށް އަނބުރާލިއެވެ. އަދި ބޮލުގެ އިޝާރާތުން ނުރޮއުމަށް ބުންޏެވެ. އަލައިނާ މިޝަލްގެ ގައިގާ އޮޅުލައިގަތެވެ.

“ޝެބީ، ދޮންބެ ކޮބާތަ؟ ދެން އަންނަން ވެއްޖެއެއްނު، ޝެބީ ދޮންބެއަށް ގުޅާބަލަ، އޭރުން ފަހަރެއްގަ ފޯނު ނަގާފާނެ، އަހަރެން ދެކެ ރުޅިއައިސްފަ ކަންނޭގެ ދޮންބެ އެހެރީ، އެކަމަކު…އެކަމަކު…” އަލައިނާއަށް އޭނަގެ ކޯތާފަތްމަތިން މިޝަލްގެ ކޮނޑަށް ވެއްޓެމުން ތިޔަ ކަރުނަ ތިކިތަކެއް ކޮންޓްރޯލެއް ނުކުރެވުނެވެ.

“ލީން، ދެން ހުއްޓާލާ، ލީން އާއި މަލަކާ މަންމަ ތިގޮތަށް ރޮންޏާ އަހަންނަށްވެސް ރޮވިދާނެ، ލީން ރުއިން ހުއްޓާލީމައެއްނު މަލަކާ މަންމަ އަށްވެސް ހިތްވަރެއްލިބޭނީ، އަހަރެން ހަމަމިހާރު މިގުޅަނީ އާޚިލްގެ ފޯނަށް، ދެން ހުއްޓާލާ ޕްލީޒް” މިޝަލް އަލައިނާ ދުރަށްޖައްސާލަމުން ބުނެލިއެވެ. އަދި އާޚިލްގެ ނަންބަރަށް ގުޅާލިއެވެ. މިޝަލްއަށް ލިބުނީ އިތުރު ސިހުމެކެވެ. ކުރިން ރިންގުވި ކަމަށް އަލައިނާ ބުނި އާޚިލްގެ ފޯނު މިހާރުވަނީ ނިތްވާލާފައެވެ. މިޝަލްއަށް އަލައިނާއަށް ބަލާލެވުނެވެ.

“ލީން…..އޭރު ޔަގީންތަ ލީންއަށް އާޚިލްގެ ފޯނަށް ގުޅުނުކަން………” މިޝަލް ޔަގީންކުރަން ބޭނުންވިއެވެ.

“އާންޝެބީ! އަހަންނަށް ހަމަ ޔަގީން، އަހަރެން ދޮންބެ ފޯނަށް އެތަށް ފަހަރަކު ގުޅިން، އެކަމަކު ފޯނެއް ނުނަގާ………” އަލައިނާ އަށް އަވަސްރާގެއްގައި ބުނެވުނެވެ.

މިޝަލް އާޚިލްއަށް ގުޅާލުމަށްފަހު އަނެއްކާވެސް ޔަގީން ކުރަން ބޭނުންވިއެވެ. އެކަމަކު އޭނައަށް ހީވި ހީވުން ޔަގީނަށް ވެއްޖެއެވެ. އާޚިލްގެ ފޯނަކަށް މިހާރަކު ނުގުޅެއެވެ. މިޝަލް އަށް ބުނާނެ އެއްޗެއް ނޭގުނެއެވެ. އޭނަށް އެއްފަހަރު އަލައިނާ އަށް އަނެއް ފަހަރު ހަފްސާއަށް ބަލާލެވުނެވެ. ހަފްސާ ވެސް މިޝަލްއަށް ބަލާލީ ކަންބޮޑުވެފައިވާ ނަޒަރަކުންނެވެ. އަލައިނާ ބަލާކަށް ނީނދެ މިޝަލްގެ އަތުން ފޯނު އަތުލިއެވެ. އަދި އޭނާގެ ކަންފަތުގައި ޖައްސާލިއެވެ.

“ނޫން! ނޫން! ނޫން!” އަލައިނާއަށް ބާރަށް ބުނެވުނެވެ.

“ޝެބީ، އޭރު ގުޅުނޭ ދޮންބެގެ ފޯނަށް” އަލައިނާ އާޚިލްގެ ފޯނަށް ގުޅަންފެށިއެވެ. މޮޔައެއް ފަދައިންނެވެ. ކަރުނަތައް ހިފަހެއްޓުމަށާއި ކެތްތެރިވުމަށް މަސައްކަތް ކުރަމުންދިޔަ މަލަކާއަށް މިމަންޒަރު ފެނުނެވެ. އަލައިނާ މޮޔައެއްފަދައިން އާޚިލްގެ ފޯނަށް ގުޅަމުން ސިޓިން ރޫމުގައި ދެކޮޅަށް ހިނގަހިނގަ ހުއްޓެވެ. އޭރު އޭނަ އަމިއްލައަށް ވާހަކަދައްކަމުން ދިޔައެވެ.

މިޝަލް އަލައިނާއަށް ވިސްނާދޭން މަސައްކަތް ކުރިއެވެ. “ޝެބީ، ދޮންބެ ކީއްވެތަ ފޯނު ކަނޑާލަންވީ، ދޮންބެއަށް ނޭގޭނީތަ މަންމަ ދެރަވާނެވަރު، އަހަރެންވެސް ކިހާދެރަވާނެ، ޝެބީ، އަހަރެންގެ ބައްޕަވެސް ދިޔައީ، ދޮންބެވެސް އެދިޔައީ، ނޫން! ނޫން! އަހަރެން ދޮންބެ ގެންނާނަން” އަލައިނާ އެކިއެކި ވާހަކަތައް ދައްކަމުން ދިޔައެވެ. ބައެއްފަހަރު ބުނާ އެއްޗެއް ހަމަވެސް ނުޖެހެއެވެ. ކުއްލިއަކަށް މަލަކާ ތެދުވެގެން އައިސް އަލައިނާގެ އަތުގައިވާ ފޯނު އަތުލިއެވެ. އަދި އަލައިނާގެ ކޮނޑުގައި ހިފާ ތަޅުވާލިއެވެ. އަދި ގެނެސް މޭގައި ޖައްސާލީ އޯގާތެރިކަމާއެކުއެވެ. އެހުރިހާއިރު މިޝަލްގެ ފެންކަޅިވެފައިވާ ލޮލުގައި ހިފަހައްޓާލައިގެން ހުރި ކަރުނަތަކުން ތިއްކެއް ކޯތާފަތް ތެތްމާލިއެވެ. ހަމައެއާއެކު ވަގުތުން ލޯފުހެލިއެވެ.

މެންދުރުގެ ގަދަ އަވިނިވާލައި ހަވީރުގެ ފިނި ޖެހެންފެށިއެވެ. ގޭތެރޭގައި ވަނީ ފަޅުކަމެވެ. ހަފްސާ އަލައިނާއަށާއި މަލަކާއަށް ކާއެއްޗެއް ދެވޭތޯ އުޅުނެވެ. މިއަދު މަލަކާ ހީވެސް ނުކުރާފަދަ އެހީތެރިކަން ހަފްސާގެ ފަރާތުން ލިބުނެވެ. މަލަކާ ބޭނުންވީ ހިތަށް ކުޑަނަމަވެސް ހިތްހަމަޖެހުމެއް ހޯދުމަށް ނަމާދަށް އަރާލާށެވެ. އޭނަ އަސުރު ނަމާދުކޮށް ނިންމާލުމަށްފަހު މުއްސަލަމަތީ ދެއަތް އުފުލާލައިގެން އެތަށްއިރެއްވަންދެން އިނެވެ. އޭނަގެ ދެލޮލުން ހިފެހެއްޓުމެއްނެތި ކަރުނަ ފައިބަމުންދިޔައެވެ. މަލަކާގެ ހިތަށް ވަންނަމުންދާ ބިރުވެރި ހިޔާލުތައް ދުރުކޮށްދެއްވުމަށްއެދި ޢާލަމްތަކުގެ ވެރިރަސްކަލާނގެއަށް ދުޢާދެންނެވިއެވެ. ލޯބިވާ ދަރިފުޅު ހެޔޮޚާލުގައި މަލަކާއާއި ހަމައަށް ފޮނުއްވާދެއްވުމަށް ދެންނެވިއެވެ.

ދޮރުކަނީގައި ލެނގިލައިގެން ހުރި ހަފްސާއަށް ރަގަޅަށް ރޮވިއްޖެއެވެ. މައިމީހާ އޭނަގެ ދަރިފުޅު ގެއްލިގެން އުޅޭމަންޒަރު ފެނިފައެވެ. ނުވަމަސް ވަންދެން ބަނޑުގައި ގެންގުޅުމަށްފަހު ވޭނާއެކީ ދުނިޔެއަށް އުފަންކުރެއެވެ. އެކަމަކު އެލޯބި ލޯބި ދަރިފުޅު ފެނުމާއެކު އެލިބޭ ހިތްހަމަޖެހުން އެހެންހުރިހާ ވޭނަކާ ހިތްހަމަނުޖެހުމެއް ފިލުވާލަދެއެވެ. ދަރިފުޅު އުފަންވާ ދުވަހުން ފެށިގެން އެކުއްޖާ މީހަކަށް ހެދުމަށް މައިމީހާ ހާދަ މަސައްކަތެއް ކުރެއެވެ. ބަފަޔަކާއި ނުލާ ބޮޑުކުރުމަކީ ކިހާވަރެއްގެ ކަމެއްކަން ހަފްސާއަށްވެސް އިޚްސާސްކުރެވެއެވެ. ދޮލޮލުގެ ނޫރަށްވުރެ ލޯބިވާ ކިޔަމަންތެރި ދަރިއަކު އެންމެ ހިނދުކޮޅަކަށް ނުފެނުނަސް ހިތްތެޅޭވަރު އެނގެއެވެ. ވީއިރު އެއްދުވަސް ނިމިގެން ދާނީ ކިހިނެތްކަން ހިޔާލަށްވެސް ނުގެނެވެއެވެ. ހަފްސާ ދޭތެރެ ދޭތެރެއިން ލޯފޮހެލައެވެ. ކުރިމަތީގައި މުއްސަލަމަތީ އިން މަލަކާގެ ހިތްކުދިކުދި ވާކަން ހަފްސާއަށް އިޚްސާސްވަމުންދިޔައެވެ.

މިޝަލް އަލައިނާ ގޮވައިގެން ބެލްކަންޏަށް ނުކުމެލީ ސާފު ވައިޖައްސާލުމަށް، ގޭތެރޭގެ މާހައުލުން ހިތްދަތިކަން ލިބޭނެތީއެވެ. އަލައިނާ މިޝަލްގެ ގައިގާ ލެގިލައިގެން ހުއްޓެވެ. ދެމީހުންގެ މެދުގައިވެސް ވަނީ ހަމަހިމޭންކަމެވެ. މިޝަލް އަށް އިންތިޒާރު ކުރެވެނީ ބަލްޤިސް އަންނާނެ އިރަކަށެވެ. އަލައިނާ ފުންހިޔާލަކަށް ގެއްލިފައިވާ މީހެއްފަދައިން އެއްދިމާލަކަށް ހުއްޓިފައި އިނެވެ.

އިރުއޮއްސުނު އިރުގައިވެސް ހަފްސާ އާއި މިޝަލް އުޅެނީ އެގޭގައެވެ. އޭރު ހަފްސާ ހުރީ ގެއަށް ގޮސްލަން ބޭނުންވެފައެވެ. ހެދުން ބަދަލްކޮށްލާ ތާޒާވެލުމަށެވެ. އެކަމަކު އެވަގުތު އެކުޑަކުޑަ ޢާއިލާއަށް ދިމާވެގެންއުޅޭ ހިތްދަތިކަމުގައި ބައިވެރިވުން މުހިއްމު ކަމުގައި ދެކުނެވެ. އޭރު މަލަކާވެސް ހަމައަކަށް އެޅިއްޖެއެވެ. އަލައިނާގެ ލޮލުން ކަރުނަ ނުފޭބިޔަސް އޭނަ ހުރީ ގަބުވެފަ ހުރި މީހެއްހެންނެވެ. އެއްވެސް މީހަކާ ވާހަކައެއް ނުދައްކައެވެ. މިޝަލް އަލައިނާ އާއިއެކު އޭނަގެ ކޮޓަރީގައި އޮތެވެ. ހަފްސާ މަލަކާއާއިއެކު ސިޓިން ރޫމުގައި އިށީދެލައިގެން އިނެވެ.

އެނދުގެ ހެޑްބޯޑުގައި އޮތް އަލައިނާގެ ފޯނު ވައިބްރޭޓް ވާންފެށުމުން މިޝަލް ބަލާލިއެވެ. އަލައިނާ ފޯނު ނަގާކަށް ނޫޅެއެވެ. އޭނަ މަތީގައި އެނބުރެމުންދާ ފަންކާއަށް ބަލަހައްޓައިގެން އޮތީއެވެ. މިޝަލް ފޯނު ނަގަންވާއިރަށް ފޯނު ކެނޑުނެވެ. ބަލާލިއިރު ގުޅީ ރެހާންއެވެ. އޭނަ އަލައިނާގެ ފޯނަށް ދިހަ ފަހަރަށްވުރެ ގިނައިން ގުޅާފަ ހުއްޓެވެ.

“ލީން، ދެން ތިހެން ނޯވެބަލަ، އަހަރުމެން ދުނިޔޭގައި އުޅޭއިރު ވަރަށްގިނަ ކަންތައްތަކާ ދިމާވާނެ، އެކަންތައްތަކާ ޖެހޭނެ ވަރަށް ކެތްތެރިވާން، ޕްލީސް ލީން، އެޓްލީސްޓު މަށާ ވާހަކަދައްކަބަލަ، ތިހިތުގަވާ އެއްޗެއް އަހަންނާ ޝެއަރކޮށްބަލަ، ރެހާން އެވަރަށް ގުޅާއިރު ފޯނު ނަގަންވާނެއެންނު، އޭނަ ކިހާ ކަންބޮޑުވާނެ ލީން ފޯނު ނުނެގީމަ” މިޝަލް އަލައިނާ ބުދެއްހެން ހުއްޓުން އަރާފައި އެނދުގައި އޮންނާތީ ބުންޏެވެ.

“ޝެބީ، އަހަރެން އަދިވެސް މިހިތަށް އަރަނީ ދޮންބެއަށް ވީ ކިހިނެއްބާއޭ، ހިތަށްއަރަނީ އަނެއްކާ ރޭގަނޑުގެ ވަގުތުގައި މިއުޅޭ ނުލަފާ ގުރޫޕަކުން ދޮންބެއަށް ކަމެއް ކުރީބާއޭ، ކޮންމެ ގޮތެއް ވިޔަސް މިހާދުވަސްވާއިރު ދޮންބެގެ ހަށިގަނޑު ވެސް ފެނުނީހެންނު” މިޝަލް އާއި ދިމާލަށް ބަލާވެސް ނުލާ އަލައިނާ އޮވެ ބުނަމުން ދިޔައެވެ.

“ލީން، ޕްލީޒް ތިހެން ނުބުނެބަލަ، އަދި ޔަގީނެއްވެސް ނުވެއެއްނު ތިފަދަ އެއްޗެއް ތިބުނީ” މިޝަލް ފުއްމައިގެން ތެދުވެ އިށީންނަމުން އަލައިނާއަށް ބުނެލިއެވެ. އަލައިނާ މިޝަލްއަށް ބަލާލިއެވެ.

“ދެން ލީން ތެދުވޭ، އަހަރެން ބޭނުމެއް ނޫން ލީން ތިހެން އޮންނާކަށް، އަހަރެން ބޭނުންވަނީ ލީން އަކީ ވަރަށް ހިތްވަރުގަދަ އަންހެން ކުއްޖަކަށްވާން، މަލަކާ މަންމަގެ އެހިތްދަތިކަމުގައި ހިތްވަރުލާދެން ލީން ހުރުމަށް، ލީން ވިސްނާލަބަލަ، މަލަކާ މަންމަ ކިހާ ދެރަވާނެ، އާޚިލްދެކެ ނުލާހިކު ލޯބިވޭ، ކުޑަކުޑަ އިރުއްސުރެ ގެންގުޅެ އެވަރުކުރިއިރު ލީންއަށްވުރެ މަލަކާމަންމައަށް މާ އަސަރުކުރާނެއެންނު، ލީން އެހެން ކަންތައްތަކާ ކުރިމަތިލާފަދައިން މިކަމާވެސް ކުރިމަތިލާން ދަސްކުރޭ” މިޝަލްގެ ނަސޭޙަތުން އަލައިނާއަށް ފައިދާއެއް ކުރިއެވެ.

އަލައިނާ އެނދުން ތެދުވިއެވެ. ފާހާނާއަށްވަދެ ތާޒާވެލައިގެން ނުކުތެވެ. “ޝެބީ، އަހަރެންގެ އެންމެ ގާތް އެކުވެރިޔާގެ ގޮތުގައި އަބަދުމެ ތިގޮތަށް ހުރެދެއްޗޭ، އަހަރެންނަށް ތިގޮތަށް ރަގަޅުގޮތް ވިސްނާދިނުމުގައި ހުރެދެއްޗޭ، މިވަގުތުން ފެށިގެން އަހަރެން ޝެބީއަށް ޕުރޮމިސްކުރަން، އަހަރެން ހިތްވަރުގަދަ އަންހެން ކުއްޖަކަށްވާން މަސައްކަތް ކުރާނަން، މަންމަގެ އަދި އެއްދަރިފުޅު އެބަހުރިކަން މަންމައަށް އަންގަދޭނަން” އަލައިނާ ފެންކަޅިވެފައިވާ ހާލު ބުންޏެވެ.

އަލައިނާގެ ޖުމްލަތައް އަޑުއަހަންއިން މިޝަލް އޭނަގެ ލޯފޮހެލަމުން އަލައިނާއަށް ހިނިތުންވެލިއެވެ. އެދެކުދިންގެ އެކުވެރިކަމުގެ ގުޅުން އިތުރަށް ބަދަހިވެ ވަރުގަދަވެގެން ދިޔައެވެ. އަލައިނާ އޭނަގެ ކޮޓަރިން ނުކުމެ މަލަކާ ގާތަށް ދިޔައެވެ. މިޝަލްވެސް އަލައިނާގެ ފަހަތުން ހިނގައިގަތެވެ.

ސިޓިންގ ރޫމުގައި އިން މަލަކާގެ މޫނުމަތިވަނީ އެއްކޮށް މިލައިގެން ގޮސްފައެވެ. އަލައިނާ މަލަކާގެ ގާތުގައި އިށީނެވެ. މިޝަލް ހަފްސާގެ ގޮނޑީގެ އަތްގަނޑުގައި ކުޑަކޮށް އިށީނެވެ. “މަންމާ، ދެރަނުވޭ، އަޅުގަނޑުވެސް ވަރަށް ދެރަވޭ، އެކަމަކު މިވަގުތު ރުއިމަށްވުރެ ކެތްތެރިވުން މާރަނގަޅު، .މަންމާ، މަންމަގެ މިދަރިފުޅު އިރާދަކުރެއްވިއްޔާ މަންމައަކާ ދުރަކަށްނުދާނަން…..” އަލައިނާ މަލަކާއަށް ބުނަމުންދިޔައެވެ. މަލަކާގެ ހިތަށް ވަރަށްތަދުވިއެވެ. އެކަމަކު ލޮލުގައި ޖަމާވި ކަރުނަތައްފޮހެލީ އަލައިނާއަށް ހިނުތުންވަމުންނެވެ. އަލައިނާގެ ވާހަކަތައް ގަބޫލުކުރަމުންނެވެ. އެދެމައިންނަށް އާޚިލް އެނބުރި އަންނާނެ ދުވަހަކަށް އިންތިޒާރު ކުރުން ނޫން ގޮތެއް ނެތީމައެވެ.

މިޝަލް ކޮޓަރިން ނުކުންނަމުން އައީ އަލައިނާގެ ފޯނުހިފައިގެންނެވެ. އަލައިނާއަށް ގޮވާލުމަށްފަހު ބެލްކަންޏާ ދިމާލަށް ހިނގައިގަތެވެ. އެވަގުތު މިޝަލް ދިޔައީ ސިއްސައިގެންނެވެ. ބެލްކަނީގައި ހުރި ބަލްޤިސް ފެނިފައެވެ. އޭނަގެ މޫނުގައިވެސް ވަނީ ހިތާމަވެރި ކުލަވަރެވެ. އޭނަ މިޝަލްއަށް އިރުކޮޅަކު ބަލަން ހުރުމަށްފަހު ކުއްލިއަކަށް ބެލްކަނީގެ ފާރުބުރިމަތީ އިށީނެވެ. މިޝަލްއަށް އެއްވެސް އެއްޗެއް ނުބުނެވުނެވެ. ފަހަތުގައި އަލައިނާ ހުއްޓެވެ. ބެލްކަނީގައި މަޑުކޮށްލައިގެން ތިބިއިރު ވާތްފަރާތުގައި ބެލްކަނިން ބޭރަށް ފައިވައްޓާލައިގެން އިން ބަލްޤިސްގެ ދިގު އިސްތަށިގަނޑު ވަޔާ ވިހުރުވޭތަން މިޝަލްއަށް ފެނެއެވެ. އޭނަ ހުރީ ބަލްޤިސްއާއި ވަރަށް ގިނަ ސުވާލުކުރަން ބޭނުންވެފައެވެ. އެހެނަސް އެންމެ ފުރަތަމަ ކަމެއްގެ ގޮތުގައި އަލައިނާއާއި ވާހަކަދެއްކުން ވިއެވެ.

މިޝަލް އޭނަގެ އަތުގައި އޮތް އަލައިނާގެ ފޯނު ދިއްކޮއްލަމުން ރެހާންއަށް ގުޅުމަށް ބުންޏެވެ. އަދި އޭނައަށް އަލައިނާއަށް ފޯނު ނުނެގުނީ ކީއްވެގެންކަން ކިޔާދިނުމަށްއެދުނެވެ. އަލައިނާ މިޝަލްގެ ބަސް ގަބޫލުކުރިއެވެ. އޭނަ މިޝަލް ބުނިގޮތަށް ކަންތައްތައް ކުރިއެވެ. ރެހާން ބޭނުންވީ އަލައިނާގެ ގާތަށް އައުމަށެވެ. އެކަމަކު އަލައިނާ މިފަދަ ވަގުތެއްގައި ރެހާން ގެންނާކަށް ބޭނުމެއްނުވިއެވެ. ރެހާން މަލަކާއާއި ބައްދަލުވުމަށް ޝައުގުވެރިކަން ފާޅުކުރިއެވެ. ނަމަވެސް ހުރިހާ ކަމަކަށް އަލައިނާ މަނާކުރިއެވެ. ރަގަޅު ވަގުތެއް ޖެހުމުން އެހުރިހާކަމެއް ފުރިހަމަ ކޮށްދޭނަންކަމަށް ރެހާންއަށް ވައުދުވަމުންނެވެ.

“ޝެބީ، އަހަންނަށް އެނގޭ ޝެބީވެސް މިހާރު ހުންނާނީ ވަރަށް ވަރުބަލިވެފަކަން، ދެން ގެއަށް ދާންވީނު ދޯ، އަހަރެން ދެތިންދުވަހުގެ ޗުއްޓީއެއް ބޭނުން، އެކަން އަހަންނަށް އޮފީހުން ހަމަޖައްސާލަ ދެއްޗޭ” އަލައިނާ ފޯނު ބާއްވަމުން ބުނެލިއެވެ. މިޝަލް އަދި ދާކަށް ނުވެއޭ ބުނެ ވަރަށް ބަހަނާ ދެއްކިއެވެ. އެދެކުދިން އެތެރެއަށްވަދެ އިށިންނަމުން އަލައިނާ މަލަކާއަށް ވެސް އެހިޔާލު ދިނެވެ. ހަފްސާ ދުވަސްކޮޅަކަށް އެގެއަށް މަލަކާމެންގެ ދެމައިން ބަދަލްވުމަށް ހިޔާލުދިނެވެ. މަލަކާ އެކަމާ ވަރަށް ޝުކުރުވެރިވިއެވެ. އެކަމަކު އޭނަ އާޚިލްގެ ހަނދާންތަކާ ދުރަށްދާކަށް ބޭނުމެއްނުވެއެވެ.

ހަފްސާ އާއި މިޝަލް ގެއަށް ދިއުމަށް ހިނގައިގަތްއިރު ރޭގަނޑު ނުވައެއް ޖަހަނީއެވެ. މަލަކާ އާއި އަލައިނާއަށް ކާން ދިނުމަށްފަހު އެގެއިން ނުކުތީ މަދަމާގެ ވަގުތެއްގައި އަންނާނެ ކަމަށް ބުނަމުންނެވެ. ހިނގަމުން ދިޔައިރު މިޝަލްއަށް މަގުގެ ތަންތަން ކޮޅުން ބަލްޤިސް ފެންނަމުން ދިޔައެވެ. ހަފްސާ ދިޔައީ މިޝަލްއާއި އެކިއެކި ވާހަކަދައްކަމުންނެވެ. އާޚިލްގެ ވާހަކަތަކެވެ. ހަފްސާވެސް ހުރީ ވަރަށް ދެރަވެފަކަން މިޝަލްއަށް އިޙްސާސްވިއެވެ. އަދި ހަފްސާ މިޝަލްދެކެ ލޯބިވާވަރު ހާމަކުރަމުން ދިޔައެވެ.

ގެއަށް ވަދެވުމާއެކު ސާޝާ ކާން ހަދަންވީތޯ އަހާލިއެވެ. ހަފްސާވެސް މިޝަލްވެސް ކާކަށް ބޭނުމެއް ނުވިއެވެ. އެމީހުންގެ މޫނުމަތިން ހިތާމައިގެ ކުލަވަރު ފެންނަން ހުރުމުން ސާޝާ ވަރަށް ހައިރާންވިއެވެ. ހަފްސާވެސް މިޝަލްވެސް ހިނގައިގަތީ އެމީހެއްގެ ކޮޓަރިއާދިމާލަށެވެ. މިޝަލް އޭނަގެ ކޮޓަރިއަށް ވަދެ ލައިޓުޖައްސާލިއެވެ. ހަމައެވަގުތު ކުޑަދޮރު ކައިރީ ހުރި ބަލްޤިސް ފެނުނެވެ. އަދިވެސް މިޝަލްއަށް އެގޮތަށް ކުއްލިއަކަށް ބަލްޤިސް ފެނުމުން ސިހޭގޮތްވެއެވެ. މިޝަލް ބަލްޤިސް ގާތު ވަރަށް އަވަހަށް ފާހާނާއަށް ވަދެ ތާޒާ ވެލައިގެން ނުކުންނާނަން ކަމަށް ބުނެފާހާނާއަށް ވަނެވެ.

މިޝަލް ގައިދޮވެލައިގެން ނުކުމެ ލޯގަނޑު ކުރިމަތީ އިސްތަށިގަނޑުގައި ފުނާއަޅަން އިނެވެ. “ދައްތާ… ވާހަކައެއް އަހާލަންތައް” ބަލްޤިސް ވަރަށް މަޑުމައިތިރިކަމާއެކު އަހާލިއެވެ. މިރޭ އޭނަގެ ހުންނަ ހިނިތުންވުމާ އުފާވެރިކަން ވަނީ މޮޅިވެރިކަމަކަށް ބަދަލްވެފައެވެ. “އަހާބަލަ، އެކަމަކު ދައްތަވެސް އެބަހުރި ބަލްޤިސް ގާތުން އޮޅުން ފިލުވަން ބޭނުންވާ ކަންތައްތަކެއް” މިޝަލް ބުނެލިއެވެ.

“ދައްތާ، އެގޭގަ އެއުޅެނީ މީހަކު މަރުވެގެންދޯ” ބަލްޤިސް އަހާލިއެވެ. މިޝަލްއަށް ކުއްލިއަކަށް އަތުގައި އޮތްފުނާ ބޭއްވުމަށްފަހު ބަލްޤިސްއާއި ދިމާލަށް އެނބުރެވުނެވެ.

“ކީކޭ، މަރޭ، ނޫން! ނޫން! އެގޭ އާޚިލް ގެއްލިގެން އެއުޅެނީ. އޭނަ ވީތަނެއް އަދި ނޭނގޭ، ދައްތަ، ބަލްޤިސްގެ ކައިރިން އެދެން ބޭނުންވި ކަމަކީ އެއީ، އާޚިލް ވީތަނެއް ހޯދުމަށް ބަލްޤިސްއަށްވުރެ ކުޅަދާނަ އެހެން މީހެއްނެތް، މިކަން ދައްތައަށް ކޮށްދީ” މިޝަލް އާދޭހުގެ ރާގަކަށް ބުނެލިއެވެ. ބަލްޤިސް މިޝަލްގެ ކުރިމަތީ އިސްޖަހާލިއެވެ. އޭނަ ދާކަށްވެސް ނޫޅެއެވެ.

“ދައްތާ، އަހަންނަށް މާފުކުރޭ، އަހަންނަށް އެނގޭ އަހަރެން މިހެން ބުނުމުން ދައްތަގެ ހިތުގައި ސުވާލު އުފެދޭނެކަންވެސް، އެކަމަކު އަހަންނަށް ހުރިހާ ސުވާލަކަށް ޖަވާބުދެވޭކަށް ނެތް، ދައްތަގެ ތި އާދޭހަށްޓަކައި އަހަރެން މިބުނަނީ، އެގޭ އާޚިލްއެއް ދެނެއް ނާންނާނެ، އޭނަ މިދުނިޔެއަކު ނެތް، މިބުނީ އޭނާ މަރުވެއްޖެއޭ” ބަލްޤިސް ބުނެލިއެވެ. މިޝަލް ބަލްޤިސް އާއި ދިމާލަށް ބަލަހައްޓައިގެން އިންގޮތަށް އިނެވެ.

“ނުވާނެ ތިހެންނެއް، ބަލްޤިސްއަށް ކިހިނެތްތަށް އެގެނީ އެކަން ޔަގީން ކުރަން، އޭނަ މަރުވިނަމަ އޭނަގެ ފުރާނަނެތް މަސްގަނޑުވެސް ފެންނަން ޖެހޭނެއެންނު، އޭނަ މަރުވީ ކަނޑުވެގެންނެއް ނޫނޭ” މިޝަލްއަށް ހާސްކަމާއެކު ބުނެވުނެވެ. އޭނައަށް އެވާހަކަ ގަބޫލުކުރަން ދަތިވިއެވެ. “ބަލްޤިސް ތިހެން ނުހުރެ އަނގައިން ބުނެބަލަ، އަހަންނަށް މިވަނީ ކިހިނެތްކަން ކިޔާދީބަލަ، ހަމަ އަސްލުވެސް އާޚިލް މަރުވީތަ…..” ބަލްޤިސް އެއްޗެއް ނުބުނެ ހުންނަން ފެށުމުން މިޝަލްއަށް އަނެއްކާވެސް އަހާލެވުނެވެ.

“ދައްތާ، އަހަރެން އެގެއަށް ވަންނަން އުޅުމުގައި އެކަން އެނގުނީ، އަހަރުމެންނަށް ގޭގޭގައި މީހުންމަރުވެގެން އުޅޭނަމަ އެކަން އެނގޭ، އެގޭގައި މަރުވެފައިވާ މައްޔިތެއްނެތަސް، މުޅި ސަރަހައްދުންވެސް އަހަރެންނަށް ދުވީ ހުދުކާފޫރުވަސް، ހާއްސަކޮށް އެގޭތެރެއިން” ބަލްޤިސްގެ ވާހަކަތައް އަޑުއިވިފައި މިޝަލްގެ ހަތަރެސްފައި ފިނިވިއެވެ. ބަލްޤިސް އަކީ އޭނާފަދަ އިންސާނެއް ނޫނެއެވެ. އޭނައަށްވުރެ ބޮޑަށް ބަލްޤިސްއަށް ކަންތައްތައް އެނގޭނެކަންވެސް މިޝަލް ގަބޫލުކުރެއެވެ.

“ދައްތާ، މިއަށްވުރެ ބޮޑަށް އަހަންނަށްވެސް ކިޔާދެވޭކަށްނެތް، އަހަންނަށް މާފުކުރޭ” މިޝަލް އެއްޗެއް ބުނަންއުޅުނުހެން ހީވެގެން ބަލްޤިސް މަޖުބޫރުގޮތަކަށް ބުނެލިއެވެ.

މިޝަލްއަށް އިނީ ޝޮކެއް ލިބިފައެވެ. އެންމެ ފުރަތަމަވެސް ހިތަށްއެރީ އެހަބަރު އަލައިނާ އާއި މަލަކާއަށް ދޭނީ ކިހިނެތްބާއެވެ. މުޅިމީހާ އިނީ ގަނޑުވެފައެވެ. އާޚިލްއަށް އެހެން ދިމާވުމުގެ ސަބަބު ހޯދަން ބޭނުންވިއެވެ. މަރުވެއްޖެނަމަ އޭނަގެ ހަށިގަނޑު ކޮބާ ބައިވައޭ މިޝަލް ހިތަށްއެރިއެވެ. އޭނަގެ ލޮލުން ހިފެހެއްޓުމެއްނެތި ކަރުނަތަށް ފައިބަންފެށިއެވެ. ހަމަރަގަޅަށްވެސް މިޝަލްއަށް ރޮވުނީއެވެ. އޭނަ ރޮމުން ރޮމުން މީކާޢިލް އަންނާނެ ނަމައޭ ބުނެލިއެވެ. ބަލްޤިސްއަށް އެއަޑުއިވިފައި ވަރަށް ދެރަވިއެވެ.

މީކާޢިލް ދެކޮޅަށް ހިނގާލަ ހިނގާލަ ހުއްޓެވެ.

“ޒިޔަޒެލް، އަހަރެންގެ ހިތަށް މިރޭ މިވާގޮތެއް ނޭނގޭ، މިޝަލް ދެކެލަން ބޭނުންވަނީ، އަހަރެން އޭނާގެ ގާތަށް ގޮސްލާފައި އަންނަންތަ، އިރުފާޅުވާއިރު އަހަރެން ހުންނާނީ ކަލޭގެ ގާތުގައި، އާދޭސްކޮށްފައި މިބުނީ، އަހަރެންގެ ހިތަށް މިވާގޮތެއް ހަމަ ނޭނގޭ ބުނެދޭކަށް، މިޝަލް އަހަންނަށް ބޭނުންވެގެން ގޮވާހެން ހީވަނީ، އަނެއްކާ ކިހިނެއް ވީބާ، ބަލްޤިސް ރަނގަޅުބާ” މީކާޢިލް މާޔޫސްކަމާއެކު ބުނެލިއެވެ.

“ތީ މީކާޢިލްއަށް ހަމަ ހީވާ ހީވުމެއް، ތިވަރުވާކަށް ނުވާނެ، އެއީ އިންސިއެކޭ، މީކާޢިލްއަށް އެކަން ނޭނގެނީތަ، އެހެންނޫނަސް ބަލްޤިސްއަކީ ހުޝިޔާރު ކުއްޖެއް، އޭނައަށް އެނގޭނެ ކަންތައް ކުރަންވީގޮތް” ޒިޔަޒެލް ހެމުން ހެމުން ބުނެލިއެވެ.

“ޒިޔެޒަލް، އަހަންނަށް އެނގޭ އެއީ އިންސިއެއްކަން، އެކަން އެނގިހުރެއޭ ލޯބިވެވުނީ، އަހަންނަށް ދިއުމުގެ ހުއްދައެއްދީބަލަ، މިބުނީ އަންނާނަމޭ، ބަލާބަލަ ނަގަމުން އެދާ ވިލާގަނޑު، ވާރޭވެހެންފެށުމުގެ ކުރިން އެހިސާބަށް އަހަންނަށް ދެވޭނެ މިހާރު ކަލޭ އަހަންނަށް ހުއްދަ ދީފިނަމަ” މީކާޢިލް އުޑުމައްޗަށް ބަލާލަމުން ބުނެލިއެވެ.

ޒިޔަޒެލްއަށް އިތުރުގޮތެއް ނެތެވެ. މީކާޢިލް މިރޭ ނެތްކަމުގައިވިޔަސް އޭނާއަށް ކަންތައްތައް ކުރިއަށް ގެންދެވޭނެކަން އެނގެއެވެ. އެހެންވެ މީކާޢިލްގެ އެ އެދުން ފުއްދާދިނުމަށް އާނބަސްބުންޏެވެ. މީކާޢިލްގެ މޫނުމައްޗަށް ހިނުތުންވުމެއް ވެރިވިއެވެ. އޭނާ ވަގުތުން އުދުއްސައިގަތެވެ. އިރު ފާޅުވާއިރު އެނބުރި ޒިޔަޒެލްގެ ގާތަށް އަންނާނެކަމަށް ބުނަމުންނެވެ.

ވިދާލިވިދުވަރާއެކު ބަލްޤިސް ކުޑަދޮރުގެ ކައިރިއަށް ޖެހިލިއެވެ. ކޮޅިގަނޑެއް އަންނަން އުޅޭކަމުގެ ނިޝާންތައް ފެންނަންފެށިއެވެ. ވައިގަދަވާން ފެށުމުން ބަލްޤިސް ކުޑަދޮރު ލައްޕާލިއެވެ. އަދި އެނދުގައި ދެކަކޫނަގާ މޭގާޖައްސާލައިގެން ރޮވިފައި އިން މިޝަލްގެ ގާތުގައި އިށީނެވެ.

“ދައްތާ، އާދޭސްކޮށްފަ މިބުނީ ދެން ތިހެން ނުރޮއެބަލަ، އަހަރެން ދައްތައަށް ދެރައެއްދޭނެތަ، ބޭބެއަށް ދައްތަ ތިހެން ރޯކަން އެނގިއްޖެއްޔާ” ބަލްޤިސް އިތުރަށް ޖުމްލަ ފުރިހަމައެއް ނުކުރިއެވެ. އޭނާ މިޝަލްގެ އިސްތަށިގަނޑުގައި ފިރުމާލިއެވެ.

ދެކަކުލުގައި އަޅުވާލައިފައިވާ އަތުގެ ތެރޭ މޫނު ފޮރުވާލައިގެން އިނދެ މިޝަލް ރޮމުން ދިޔައެވެ. އޭނައަށް ބަލްޤިސްގެ އަޑު ނީވޭ ފަދައެވެ. އާޚިލްއަށް އެފަދަ ބޮޑުދެރައެއް ލިބެންވީ ކީއްވެހެއްޔެވެ. އޭނާގެ ކުށަކީ ކޮބާހެއްޔެވެ. އޭނާގެ މަރާ މިޝަލް އާއި ގުޅުމެއްވެއެވެ. އެކަން މިހާރު މިޝަލްއަށް ކޮންމެވެސް ވަރަކަށް އެނގެއެވެ. އެކަމަކު ބަލްޤިސް އެކަން ސާފުކޮށް ކިޔާދޭކަށް ބޭނުމެއް ނޫނެވެ. މިޝަލްއަށް އޭނާގެ އަމިއްލަ ނަފްސު ކުށްވެރިކުރެވެނީ އެހެންވެއެވެ. އޭނަ މަލަކާ އަށާއި އަލައިނާއަށް ދައްކާނީ ކޮންމޫނެއްހެއްޔެވެ. ހަޤީޤަތް ހާމަކުރާނީ ކޮންދުލަކުންހެއްޔެވެ.

ޖެހެމުންދިޔަ ވަޔާއެކު ބޯކޮށް ވާރޭ ވެހެންފަށައިފިއެވެ. އޭރުވެސް މިޝަލްއަށް ކަމެއްވާހެންވެސް ހިޔެއްނުވެއެވެ. ބަލްޤިސް އެކިއެކި ވާހަކަ ދައްކަމުން ދިޔައެވެ. އެކަމަކު ވިދާލާ ވިދުވަރާއެކު އިރުއިރުކޮޅާ ކުޑަދޮރަށް ބަލާލެވެއެވެ. އެގޮތުން ބަލާލެވުނު ފަހަރެކެވެ. ބަލްޤިސް ދިޔައީ ސިއްސައިގެންނެވެ. ކުޑަދޮރުމަތީ ހުރީ މީކާޢިލްއެވެ. އޭނަ އުފަލުން ފުރުނެވެ.

މީކާޢިލް ހުރީ ތެމިފޯވެފައެވެ. އޭނާގެ ކަންފަތުގައި މިޝަލްގެ ރުއިމުގެ އަޑުޖެހުމާއިއެކު ބަލްޤިސް އާއިދިމާލަށް ބަލާލީ ސުވާލުން ފުރިގެންވާފަދަ ގޮތަކަށެވެ. ދެމީހުން އަނގައިން ނުބުނިކަމުގައިވިޔަސް ދެމީހުންގެ މެދުގައި ވާހަކަ ދެކެވުނެވެ. މީކާޢިލް ބަލްޤިސްއަށް ބޯޖަހާލުމާއެކު މިޝަލްއަށް ބަލާލިއެވެ. މިޝަލް އޭނަގެ މޫނުފޮރުވައިގެން އިނދެ ރޮނީއެވެ.

“މިޝަލް…” މީކާޢިލް ހިނިތުންވެލަމުން ގޮވާލިއެވެ. މިޝަލް އަށް އަވަސް އަވަހަށް އަޑުއައި ދިމާލަށް ބަލާލެވުނެވެ. އޭނައަށް ކުޑަދޮރުގެ ކައިރީ ބަލްޤިސް އާއިއެކު ހުރި މީކާޢިލް ފެނުނެވެ. ބަލްޤިސްގެ މޫނުމަތިން ވެސް ފެންނަނީ ހިނިތުންވުމެކެވެ. އެނދުގައި އިން މިޝަލް ކުއްލިއަކަށް އެނދުމަތިން ފުންމާލައިގެން އެއައިގޮތަށް އައިސް މީކާޢިލްގެ ގައިގާ އޮޅުލައިގަތެވެ. މީކާޢިލް ބަލްޤިސް އަށް ބަލާލިއެވެ. އެއާއިއެކު، ހަމައެވަގުތު ބަލްޤިސް ކޮޓަރި ތެރެއިން ގެއްލުނެވެ.

“މިޝަލް، ދެން ހުއްޓާލާ” މީކާޢިލް މިޝަލް އޭނައާ ދުރަށް ޖައްސާލަމުން ބުނެލިއެވެ. އެކަމަކު މިޝަލް އަނެއްކާވެސް އައިސް މީކާޢިލްގެ ގައިގާ އޮޅުލައިގަތެވެ.

“މިޝަލް އަހަރެންމިހިރީ ތެމި ފޯވެފަ، މިޝަލްވެސް ތެމޭނީ ތިހެން އުޅެނިކޮށް، ފިނިވެގެން ބަލިވެސް ވެދާނެ” މީކާޢިލް މިޝަލްއަށް ވިސްނާދެން އުޅުނެވެ. ނަމަވެސް މިޝަލްއަށް މީކާޢިލް ކިޔާ އެއްޗެއް އަޑުއިވޭހެނެއް ހިޔެއްނުވެއެވެ. މީކާޢިލް އޭނާ ލައިގެން ހުރި ކަޅުކުލައިގެ ޓީޝާޓް ބާލާލިއެވެ. އަދި ހުރިދިމާ ޓައިލްސްތަކުގެ މައްޗަށް ވައްޓާލިއެވެ. އަދި މީކާޢިލް މިޝަލް އޭނާގެ އަތްދަނޑިމައްޗަށް އުފުލާލިއެވެ. މަޑުމަޑުން ގެނެސް އެނދުގައި ބާއްވާލުމާއިއެކު ދެން ރުއިން ހުއްޓާލުމަށް ބުންޏެވެ. މިޝަލްގެ ބޮލުގައި މީކާޢިލް ފިރުމަމުން ދިޔައެވެ.

“މީކާޢިލް ކޮންތާކަށްތަ ދިޔައީ، އަހަރެންގެ މަތިން ހަނދާންވެސް ނުވަނީތަ، އައި މިސް ޔޫ ސޯމަޗް” މިޝަލް ރޮމުން ރޮމުން ބުނެލިއެވެ. މީކާޢިލް މިޝަލްގެ ތުންފަތުގައި އިނގިލިޖައްސާލިއެވެ. އަދި ނިތްކުރީގައި ބޮސްދިނެވެ. މީކާޢިލްގެ ފިނިފިނި ތުންފަތް ޖެހުމާއެކު މިޝަލްގެ ހަށިގަނޑު ތުރުތުރުއަޅައިގެން ދިޔައެވެ. އޭނާގެ ހަށިގަނޑުގައި ނޭގޭ ކަރަންޓެއް ދުވެލިއެވެ. މިޝަލް މީކާޢިލްގެ މޫނުގައި ދެއަތުން ހިފަހައްޓާލިއެވެ. އަދި އެމޫނަށް ބަލާލިއެވެ. އެރީތި ފެހިކުލައިގެ ދެލޮލުގެ ތެރެއަށް ގެބިގެން ދިއުމަށް މިޝަލް ބޭނުންވިއެވެ. އަދި އެމޫނުގެނެސް މިޝަލްގެ ނޭވާއެޅޭހާ ކައިރިކޮށްލިއެވެ. އެހިނދު މީކާޢިލް މިޝަލްގެ މޫނުގެ އެތަންމިތަނުގައި ބޮސްދިނެވެ. މިޝަލްގެ ހަށިގަނޑު ގެނެސް މީކާޢިލްގެ ހަށިގަނޑާ ކައިރިކޮށްލިއެވެ. އެވަގުތު މިޝަލްއަށް ބުނެދޭންވެސް ނޭގޭފަދަ އިހްސާސް ތަކެއް ކުރުވިއެވެ. މީގެ ކުރިން މިޝަލް ދުވަހަކުވެސް ފިރިހެނަކާ މިފަދަ ގޮތަކަށް މިހާކައިރިއެއް ނުވެއެވެ. ބޭއިޚްތިޔާރުގައި މިޝަލްއަށް މީކާޢިލްގެ ބީހުންތަކަށް މަރުހަބާ ކިއުނެވެ. މީކާޢިލްގެ ފިނިފިނި އަތް މިޝަލްގެ ހަށިގަނޑުގައި އެއްވެސް ހުރަހަކާ ނުލާޖެހުމާއެކު ދެލޯމަރާލެވުނެވެ. ހުދު މީކާޢިލްއަށް މިކުރެވެނީ ކިހާވަރެއްގެ ކަމެއްކަން މިރޭ ނޭނގޭފަދައެވެ. އޭނާ އިންތިހާއަށް މިޝަލްދެކެ ލޯބިވެއެވެ. އޭނާގެ ހަރަކާތްތައް އޭނައަށް ކޮންޓްރޯލެއް ނުކުރެވެއެވެ.

ކުޑަހިނދުކޮޅެއްގެ ތެރޭ ދެހަށިގަނޑު ވަނީ އެއްވެސް ހުރަހަކާ ނުލާ ގުޅިލާމެހިފައެވެ. އެ ފިނިފިނި ރޭގެ ފިނިކަން ވަނީ ހޫނު އާތްވަކަށް ބަދަލުވެފައެވެ. މީކާޢިލްގެ ހަށިގަނޑުގައި އުފެދެމުން ދިޔަ އާވި ފެންތިކިތަކެއްގެ ސިފައިގައި ހަށިގަނޑުގައި ދަޅައަޅަމުން ދިޔައެވެ. މީކާޢިލް އާއި މިޝަލްގެ ނޭވާކުރުވެ އަވަސްވެފައި ވެއެވެ. މިޝަލްއަށް ދުވަހަކުވެސް އިހްސާސް ކުރެވިފައިނުވާފަދަ އަރާމެއް ހަށިގަނޑަށް ލިބިގަތްހިނދު ކުރިއަށްވުރެ ބޮޑަށް ދެލޯމަރާލެވުނެވެ. އަދި މީކާޢިލްގެ ގައިގާ ބާރަށް ހިފަހައްޓާލެވުނެވެ. އެހިނދު މީކާޢިލްއަށްވެސް ދެލޯމަރާލެވުނެވެ. ނަމަވެސް އަރާމާއި ލައްޒަތުގެ އެންމެ ފޮނިމީރު ހިސާބަށް މީކާޢިލްއަށް ދެވުނުވަގުތު މިޝަލް ތެޅިގަތެވެ. ދެލޯބޮޑުކޮށްލަމުން ރޮއެގަތެވެ. މީކާޢިލްއަށް ބިރުން ދުރަށްޖެހިލެވެން އުޅުނެއްކަމަކު މިޝަލް އޮތީ އޭނާގެ ކަރުގައި ދެއަތުން އޮޅުލައިގަނެގެންނެވެ. ކަންބޮޑުވިއެއްކަމަކު މަދުހިނދުކޮޅެއްގެ ތެރޭގައި މިޝަލްގެ ހަށިގަނޑު މަޑުވެ އޭނާ ހަމަޔަކަށް އެޅުނެވެ.

ވަރުބަލިކަމާއެކު މީކާޢިލް މިޝަލްގެނެސް އޭނާގެ މެޔާ ކައިރިކޮށްލިއެވެ.

“ތި ލޮލުން ބަލާވެސް ނުލާނަންތަ؟” މީކާޢިލް މިޝަލް ލޯމަރާލައިގެން އޮތްގޮތަށް އޮތީމައި ބުނެލިއެވެ. އަދި މިޝަލްގެ އެނދުގައި ރީތިކޮށް ފަތްޖަހާލައިފައި އޮތް ރަޖާނަގާ މިޝަލްގެ ހަށިގަނޑު ނިވާކޮށްލިއެވެ. މަޑުންމަޑުން މިޝަލް، މީކާޢިލްއަށް ބަލާލިއެވެ. އޭނާގެ މޫނުގައި ވަނީ ލަތުވެތިކަމެވެ.

“ލަދުގަތީތަ” މީކާޢީލް އަހާލިއެވެ. މިޝަލް މީކާޢިލްގެ މޭގައި މޫނުފޮރުވާލަމުން އާނއެކޭ ބުނެލިއެވެ. މީކާޢިލް ގާތަށް ހިނިއައެވެ. އޭރު މީކާޢިލް ހީވަނީ މުޅިން އެހެން މީހެއް ހެންނެވެ. އެމޫނުގައިވާ ހިނިތުންވުމާ ދެލޮލުގެ ބެބުޅުން މިރޭ މާރީއްޗެވެ.

“މިޝަލް ހީކުރަނީތަ އަހަރެން މިޝަލް ދޫކޮށްލާފަ ދާނެހެން، އެހެން ހީނުކުރައްޗޭ، އެއަށްވުރެ މާލޯބިވޭ، ދުވަހަކުވެސް ދުރަކަށްނުދާނަން، އަހަރެންގެ ފުރާނަ ހުރިހާ ދުވަހަކު އަހަރެން މިޝަލްދެކެ ލޯބި ވާނަން، މިޝަލްއާއެކު އުޅޭނަން، އެކަމަށް އަހަރެން ވަޢުދުވަން” މީކާޢިލް މިޝަލްގެ މޫނު އޭނައާ ދިމާލަށް އަނބުރާލިއެވެ. އަދި ރަތްވެފައިވާ އެރީތި ތުންފަތުގައި ބޮސްދިނެވެ. މިރޭގެ މިވަގުތުކޮޅު މިޝަލް ދުވަހަކުވެސް ހަނދާނެއްނުނެތޭނެއެވެ. މިރޭ އޭނާއަށް ދުނިޔޭގެ ހުރިހާ އުފަލަކާ އަރާމެއް ލިބުނު ފަދައެވެ. މިޝަލްގެ ތުންފަތަށްވެސް ވަނީ ހިނިތުންވުމެއް ވެރިވެފައެވެ.

އެނދުގައި މިޝަލްގެ ގާތުގައި އޮތް މީކާޢިލް ކުޑަދޮރާދިމާލަށް ބަލާލިއެވެ. “މިޝަލް، އަހަރެން ވަރަށް ވަރަށް ލޯބިވޭ މިޝަލްދެކެ، އެކަމަކު އަހަރެން ދާން އެބަޖެހޭ، އަހަރެން މިއައީ އިރުއެރުމުގެ ކުރިން އެނބުރިއަންނާނަމޭ ބުނެފައި، އަހަރެން ވަރަށް އަވަހަށް އަންނާނަން މިޝަލްގެ ގާތަށް” މީކާޢިލް އެނދުން ތެދުވިއެވެ. މިޝަލް، މީކާޢިލްގެ އަތުގައި ހިފަހައްޓާލިއެވެ. ނުދާށޭ ބުނާފަދަ ގޮތަކަށެވެ.

“ޕްލީސް ނުދޭ، އަހަރެންގެ ކައިރީ މަޑުކުރޭ” މިޝަލްއަށް ބުނެލެވުނެވެ. މީކާޢިލް އަނެއްކާވެސް އެނދުގައި އިށީނެވެ. މިޝަލްގެނެސް އަތުތެރޭ ބޮނޑިކޮށްލިއެވެ.

“އަހަންނަށް މިޝަލް އިތުބާރު ކުރަމެންނު، އަހަރެން ދާން ޖެހިގެން މިދަނީ، ޔަގީން ކުރޭ، އަހަރެން ވަރަށް އަވަހަށް އަންނާން” މީކާޢިލް މިޝަލްއަށް ވިސްނާދޭން މަސައްކަތް ކުރިއެވެ.

މިޝަލް އެއްވެސް އެއްޗެއް ނުބުނެ މީކާޢިލްގެ ހަށިގަނޑު ނިވާކުރަމުން ދިޔަމަންޒަރު ބަލަންއިނެވެ. އޭނާއާ ދުރަށް މީކާޢިލް ދާކަށް ބޭނުމެއް ނޫނެވެ. އެކަމަކު މީކާޢިލް ކޮންމެހެން ދާންޖެހިގެން ނޫނީ ނުދާނެކަން މިޝަލްއަށް މިހާރު ޔަގީންވެއެވެ. މިޝަލް ރަޖާގެނެސް މެޔާހަމައިގައި ޖައްސާލައިގެން ތެދުވިއެވެ. މީކާޢިލް، މިޝަލްއަށް ބަލާލިއެވެ.

ފާހާނާއިން ނުކުތް މިޝަލް ފެނިފައި މީކާޢިލްގެ ހިތްއަވަސްވިއެވެ. މިޝަލްގެ ރީތިކަމާ އޭނާގެ ހަށީގަނޑުގެ ބޮޑުބައެއް ފާޅުވެފައި ވުމުންނެވެ. އޭނައަށް މިރޭ އޭނާގެ އިހްސާސްތަށް ކޮންޓްރޯލް ނުކުރެވުނީ ކީއްވެބާއޭ އަމިއްލަ ނަފްސާ ސުވާލުކުރިއެވެ. އޭނާގެ އެޢަމަލުގެ ސަބަބުން މިޝަލްއަށް ވެދާނެގޮތަކާއިމެދު އޭނާ ސުވާލުއުފެދުނެވެ. ދިގުކޮށްހުރި ހުދު ނައިޓީއެއްގައި މިޝަލް މީކާޢިލްގެ ގާތަށް އައިއިރު ހީވަނީ ހޫރެއްހެންނެވެ. މީކާޢިލްއަށް މިރޭގެ ހާދިސާއަށްފަހު މިޝަލްދެކެ ވާލޯބި އެތަށްގުނައަކަށް އިތުރުވިއެވެ. އޭނާ ދުވަހަކުވެސް މިޝަލްގެ މަތިން ހަނދާނެއްނުނެތޭނެއެވެ.

“އަންނާންތަ އަވަހަށް” މިޝަލް މީކާޢިލްގެ އަތުގެތެރެއަށް ވަންނަމުން އަހާލިއެވެ. މީކާޢިލް އާނއެކޭ ބުނުމުގެ ގޮތުން ބޯޖަހާލިއެވެ. “އަހަރެން އިންތިޒާރު ކުރާނަން…” މިޝަލް ބުނެލިއެވެ. މީކާޢިލް މިޝަލްއާއި ވަކިވުމުގެ ކުރިން އެމޫނުގައި ބޮސްދިނެވެ.

ރޭގައި ވެހެންފެށި ވާރޭ ހެދުނު ވީއިރުވެސް ހުއްޓައެއްނުލައެވެ. އެކަމަކު ދޭތެރެއަކުން ތުނިކޮށްލައެވެ. ބޯ ވިއްސާރަ ވިލާގަނޑުގެ ސަބަބުން އިރުގެ ދޯދިތަކުގެ ވިދުންވަނީ ފަޑުވެފައެވެ. އެހެންވެ ދުނިޔެމަތި ދައްކަނީ އަދިވެސް އަނދިރިކޮށެވެ. ފަޒާގައި ހަރުލާފައިވާ ތެތްފިނިކަމާއިއެކު އަރާމު ނިންޖަކުން ނިދިފައި އޮތް މިޝަލްއަށް ހޭވެރިކަމެއްވީ ސާޝާ ގޮވަނިކޮށެވެ. މިޝަލް މޯޅިއަކަށް ދެމިލާފައި ލޯހުޅުވާލިއެވެ. ސާޝާ ފެނުމުން ސިއްސައިގެންގޮސް ކޮޓަރި ތެރެއަށް ބަލާލެވުނެވެ. ބަލްޤިސް ކުޑަދޮރާ ދިމާ ކަނުގައި އިށީދެލައިގެން އިނެވެ. ފެންނަފެނުމުގައި އޭނާވެސް އޭނދީ ފިނިވެފައެވެ.

“ޝެބީ ވަޓް ހެޕަން، ކޯޗެއް ހޯދަނީ” ސާޝާ، މިޝަލް، ބަލްޤިސް އިންދިމާލަށް ބަލާލުމުން ބުނެލިއެވެ. މިޝަލް އަވަހަށް ގަޑިން ވީއިރުއެހިއެވެ. އޭރު އަށްގަޑި ބައިވަނީއެވެ. މިޝަލްއަށް މާގިނައިރު ނިދުނީއެވެ. އޭނާ އޮފީހަށްވެސް ދާންއޮތީ ހެދުނުއެވެ. އެކަމަކު އެކަކުކައިރީވެސް ގޮވާށޭ ނުބުނެވޭތީ ނުގޮވީއެވެ. އަވަހަށް ފޯނު ހޯދާލުމަށްފަހު އޮފީހަށް ގުޅާލިއެވެ. މިއަދު ދެވެން ނެތްވާހަކަ ބުނެލަމުން އަލައިނާގެ ޗުއްޓީގެ ވާހަކަ ބުނެލިއެވެ.

“ސާޝާ، ކިހިނެއްވީ ތިގޮވީ” މިޝަލް ފޯނު ބާއްވާލަމުން ސާޝާ އައިބޭނުން އޮޅުންފިލުވުމަށް އަހާލިއެވެ.

“މަންމަ ބުނުއްވީ، ބްރެކްފަސްޓް” ސާޝާ ބުނަން އުޅުނު އެއްޗެއް މިޝަލްއަށް ސާފުވިއެވެ. އޭނާ ސާޝާ ފޮނުވާލުމަށްފަހު ކޮޓަރީގެ ދޮރުތަޅުލިއެވެ. އަދި ބަލްޤިސް އާއި ދިމާލަށް އެނބުރިލިއެވެ.

“ފިނިވެފަދޯ ތީނީ؟” މިޝަލް ބަލްޤިސް އިންގޮތުން އަހާލިއެވެ.

“ނޫން، އަދި ފިންޏެއް ނުވޭ، އެމީހާ ކޮޓަރިއަށް ވަނީމަ މިތާ އިށީނީ، ދައްތަ އޮތީ ހާދަ ގަދަ ނިދީގައޭ، އޭނާ ވަރަށް ގިނަފަހަރު ގޮވިފަހުން ދައްތައަށް ތިހޭލެވުނީ” ބަލްޤިސް ތެދުވަމުން ބުނެލިއެވެ. މިޝަލް އެސުވާލުގެ ޖަވާބު ހިނިތުންވުމަކުން ނިންމާލިއެވެ. އަދި ފާޚާނާއަށް ވަންނަން ތައްޔާރުވެލިއެވެ.

ފާހާނާގައި ހުރި ބިލިނގާގެ ތެރެއަށް މިޝަލް އެރުމަށްފަހު ފެންމާގަނޑު ދޫކޮށްލިއެވެ. އޭނަގެ ގައިގާ ފެންތިކިތައް އައިސް ޖެހުމުން ތުރުތުރު އަޅައިގަތެވެ. ފިނިވެގެންނެވެ. އަވަހަށް ފެން ހޫނުކޮށްލިއެވެ. މިޝަލް ފެންވަރަން ހުރިއިރު އޭނާގެ ޚިޔާލުވަނީ ރޭގައި މީކާޢިލް އާއި އޭނައާ ދެމެދު ހިނގާދިޔަ ކަންތައްތަކަށް ގެއްލިފައެވެ. މިޝަލްގެ ތުންފަތަށް އިރުއިރުކޮޅާ ރަކި ހިނިތުންވުމެއް ވެރިވެއެވެ. އާނއެކެވެ. އެހަށިގަނޑުގައި މީކާޢީލް ފިރުމާނުލާ، ބޮސްނުދޭ ތަނެއް މިހާރަކު ނެތެވެ. މިޝަލްގެ ހަށިގަނޑަކީ މިހާރު މީކާޢިލްގެ އެއްޗެކެވެ. އޭނާ އަމިއްލައަށް އެހަށިގަނޑު މީކާޢިލްއަށް ދިނީއެވެ. ފުރާނަ ދެވޭނެނަމަ އެވެސް ދޭނެއެވެ. އެހާވެސް ލޯބިވެއެވެ. ރޭގެ ހާދިސާ ބަލްޤިސްއަށް އެނގޭނެބާއޭ މިޝަލްގެ ހިތަށް އެރިއެވެ. އެހެންވެއްޖެނަމަ އޭނާ ވަރަށް ލަދުގަންނާނެއެވެ. ކުއްލިއަކަށް ދެފަރާތަށް ބޯހޫރާލީ އެޚިޔާލު ސިކުނޑިން ނެރެލުމަށެވެ.

ފާޚާނާއިން ނުކުތް މިޝަލްއާ ދިމާލަށް ބަލަހައްޓައިގެން އިން ބަލްޤިސް ފެނުނެވެ. މިޝަލް ކިހިނެއްވީތޯ އަހާލިއެވެ.

Leave a Comment

Your email address will not be published. Required fields are marked *