“ރުހައިލު…. އަހަރެން ގާތު ވާހަކައެއް ބުނަންވެފައި އޮތިއްޔާ އަހަރެން މިހިރީ އަޑުއަހަން، އަހަންނަށް ވަރަށް ހީވޭ… ނޫން! މިހާރު ޔަޤީންވޭ ރުހައިލު އަހަރެން ގާތު ބުނަން ބޭނުންވެ އެކަމަކު އެ ވާހަކައެއް ނުބުނެވިގެން އުޅޭހެން، އަހަންނަށް އެނގޭ ރުހައިލްއަށް އަހަރެން ވަރަށް ޚާއްޞަކަން، އަހަންނަށް ވެސް…. އަހަންނަށް ވެސް މިހާރު ރުހައިލު ވަރަށް ޚާއްޞަ، އިޓްސް ވިއާޑް، އެހެންވިޔަސް އަހަންނަކަށް ނޭނގެ އެއީ ކީއްވެކަމެއް ބުނެދޭކަށް، ހީވަނީ ރުހައިލު އަހަރެންގެ ވިސްނުން ބަދަލުކޮށްލައިފިހެން، އަހަންނަށް ފީލްވާ ގޮތް ވެސް… އައި ޑޯންޓް ރިއަލީ ނޯ…” އަރުފީނު އިސްޖަހަމުން އަނެއްބައިފަހަރު ރުހައިލަށް ބަލަމުން ވާހަކަދެއްކިއެވެ.
“އެމީހަކު ޚާއްޞަވެއްޖެއްޔާ އެ ކުރެވޭ އިހުސާސް ބުނެދިނުމަކީ ފަސޭހަކަމެއްނޫން… މިވަގުތަށް މި ވާހަކަ މިއޮތް ހިސާބުގައި ބާއްވަމާ، އަހަރެން ވާހަކައެއް ބުނަން ބޭނުން، އެކަމަކު މިހާރަކު ނޫން، އެއީ ވަރަށް ބޮޑު ވާހަކައެއް، އެހެންވީމަ، ބުނަން ބޭނުންވަނީ ވަރަށް ޚާއްޞަގޮތަކަށް” ރުހައިލަށް ބޭއިޚްތިޔާރުގައި އަރުފީނުގެ ދެ އަތްތިލާގައި ހިފާ ބާރުކޮށްލެވުނެވެ. އެހިނދު ދެ ޒުވާނުންގެ ހިތުގެ ހިނގުން އަވަސްވެގެން ދިޔައެވެ. ހަތަރުކަޅި ބައްދަލުވެފައި ހުރިއިރު ދެ ފަރާތުން ވެސް ފެންނަމުންދިޔައީ އެކަކު އަނެކަކަށް ބޭނުންވާ ކަމުގެ އަސަރުތަކެވެ. ދުލުން ފާޅުނުކުރިއެއްކަމަކު ހިތުގައިވާ ހުރިހާ އިހުސާސެއް ލޮލުން ހާމަކުރަމުން ދާ ކަހަލައެވެ.
ހިނިތުންވެލައިގެން ތިބެ އެކުގައި ހިނގާލާފައި އައިސް ގޭޓުން އެތެރެއަށް ވަން ރުހައިލާއި އަރުފީނު، ކާރުން ފޭބި މަލީކުގެ ލޮލުގައި އަޅައިގަތެވެ. އޭނާ ޕޯޓިކޯއިން ލާފައި ބޮޑުކޮޓަރިތެރެއަށް ވަންނަންދެން ރުހައިލާއި އަރުފީނުގެ ފަހަތުގައި ހުރެ އެ ދެ ޒުވާނުންގެ ހަރަކާތްތަކަށް ވަރަށް ރަނގަޅަށް ބެލިއެވެ.
“މަލީކު…” ބޮޑުކޮޓަރީގެ ސޯފާގައި އިން ޝާރުދާއަށް މަލީކު ފެނުމުން ގޮވާލިއެވެ. އެހިނދު ލިފްޓާ ދިމާއަށް ދިޔަ ރުހައިލްއަށް ސިހިފައި ފަސް އެނބުރި ބަލާލެވުނެވެ. ވަގުތުން އޭނާގެ މޫނުމަތިން ހާސްކަން ފާޅުވެގެން ދިޔައެވެ. މަލީކު އައިސް ޝާރުދާގެ ގާތުގައި މަޑުކޮށްލުމުން ލިފްޓަށް އެރުމުގެ ބަދަލުގައި ރުހައިލު އަވަސްއަވަހަށް ސިޑިއާ ދިމާއަށް ދިޔައެވެ. ލިފްޓަށް އެރި އަރުފީނު ހުރީ ޖެހިލުންވި ވަރުން އިސްއުފުލާލަން ވެސް ނުކެރިފައެވެ.
“ސައި ހަދަން” ޝާރުދާ އަހާލިއެވެ. އޭރު ވެސް މަލީކުއަށް ބެލެނީ ރުހައިލު އަރައިގެން ދިޔަ ސިޑިއާ ދިމާއަށެވެ. ޝާރުދާ އޭނާގެ އަތުގައި ހިފާލުމުން ފުންނޭވާއެއްލާފައި ޝާރުދާއަށް ބަލާލިއެވެ.
“އަހަންނަށް ހީވަނީ ރުހައިލްގެ ކައިވެނީގެ ވާހަކަ އޭނާއާ ދައްކަންވީހެން، އިޒުވާނު ވެސް އުޅޭ ގޮތް އެހެރީ، ތާކުންތާކު ނުޖެހޭ ދިރިއުޅުމެއް ރުހައިލު ފަށާކަށް އަހަރެން ބޭނުމެއްނޫން، އިޒުވާނު ދޮށިވީމަ އޭނާއާ މެދު ވަރަށް ބޮޑު އުންމީދެއް ކުރެވުނު، އެކަމަކު އެހެރީ އޭނާ ވެސް ކަންތައްކުރިގޮތް، މައިންބަފައިންގެ އުފާތަކާ މެދު އެއްފަހަރު ވިސްނާލިނަމަ ކީއްވާނީ، ޝާރުދާ، އެ ފަދަ މަގަކުން ރުހައިލު ދާން އަހަންނަށް އެއްބަހެއް ނުވެވޭނެ، އަހަރުމެން ވެސް ދެން ޒުވާނެއް ނުވާނެ، މުސްކުޅި ހާލުގައި އެކަނިވެރި ދިރިއުޅުމެއް އުޅޭކަށް ނޫން ދޯ ދަރިން ހޯދީ، އަހަންނަށް ދެ ފިރިހެން ދަރިން ލިބުނީމަ ވަރަށް އުފަލުން ހުރީ، މި ޢާއިލާ އާއި އަހަރުމެންގެ ޒަމާންވީ ވިޔަފާރި ބަލަހައްޓާ ކުރިއަށް ގެންގޮސް ތަރައްޤީ ކުރާނޭ ބަޔަކު ކަމުގައި އަހަރުމެންގެ ދަރިން ވާނެޔޭ ހިތަށް އަރާފައި، އެކަމަކު އެހެންވާނެކަމާ މެދު މިހާރު ސުވާލު އުފެދޭ…. ހިތަށް އަރަނީ ރުހައިލު ވެސް ބޮޑުވެގެން ފިޔަފަޅައިގެން އުދުއްސައިގަންނައިރު އަހަރުމެންގެ އިހުސާސްތަކެއް ނުދަންނާނެއޭ، ބޮޑުވީމަ ކޮންމެ މީހަކު ވެސް އެމީހަކު ބޭނުންވާ ގޮތެއް ޚިޔާރުކުރަން ބޭނުންވަނީ، މިހާ ދުވަހު އަހަރުމެން އެ މީހުން ބޮޑުކުރީ ކިހާ ފޮނި އުންމީދުތަކަކާއެކު ކަމެއް އެއްފަހަރު ވެސް ވިސްނާލާކަށް ބޭނުމެއްނުވާނެ” މާޔޫސް ކަމާއެކު މަލީކު ސޯފާގައި އިށީނެވެ.
“ކީކޭތަ ތި ކިޔަނީ؟ ރުހައިލަކީ އިޒުވާނެއް ނޫން، އޭނާ އަހަރުމެންގެ ހިތުގައި ޖެހޭ ފަދަ ކަމެއް ނުކުރާނެ، އިޒުވާނު ކަންތައްކުރި ގޮތުން މަލީކު މާބޮޑަށް ތިވިސްނަނީ، އެކުއްޖާ ކައިވެނި ކުރިފަހުން އަހަރުމެންނަށް ގުޅާ ވެސް ނުލާ، މައިންބަފައިން ދުނިޔޭގައި ތިބިތޯ ވެސް ބަލާނުލާ، މަތިންބައިން ޖެހިގެން އަހަރުމެން މިޖެހެނީ ގުޅާ ހާލު ބަލަން، އެކަމަކު، ރުހައިލަކީ އެ ފަދަ ކުއްޖެއްނޫން، އޭނާ އަހަރުމެންގެ އިހުސާސްތަކަށް ޤަދަރުކުރޭ، ޚާއްޞަކޮށް މަލީކު ކަމަކު އެދެފިނަމަ އޭނާ އެއްވެސް ވަރަކަށް ދެކޮޅެއް ނަހަދާނެ، އެނގޭތަ؟ މިއަދު ނައިރާ އާއި ދެކުދިން ވަރަށް އެއްކޮށް އުޅުނީ، އަހަރެން ބުނިން ކޮންމެ ވަގުތަކު ވެސް މިގެއަށް އައިސް އުޅެންވީއޭ، މިގޭ ކުއްޖަކަށް ވާން ދެން މާގިނަ ދުވަހެއްނެތޭ” ޝަރުދާ އެންމެފަހުން މަލީކު ހިތްހަމަޖައްސާލަދޭން އުޅުނެވެ.
“އެހެންވިޔަސް، މިހާރުއްސުރެ ރުހައިލްއަށް އެނގިފައި އޮތުން މުހިންމު ކަންނޭނގެ، ރަނގަޅު ވަގުތެއް ހޯދާފައި ވީހާ ވެސް އަވަހަކަށް ރުހައިލް އާއި ނައިރާގެ ކައިވެނި ހަމަޖައްސާފައި އޮތް ވާހަކަ އޭނާ ގާތު އަހަރެން ބުނާނަން، އޭރުން އެނގޭނީ ގޮތްގޮތަށް ނޫޅެން، ޒުވާން އުމުރުގައި މަގުއޮޅޭލެއް ފަސޭހަވާނެ، ހަޤީޤީ ލޯތްބަކީ ކޮބައިކަން އަދި އެ އުމުރުގައި ދެނެގަންނާކަށް ނޭނގޭނެ، ކައިވެނި ކުރީމަ ހުރިހާކަމެއް ހަމައަކަށް އެޅޭނެ، ނައިރާއަކީ ހުރިހާ ގޮތަކުން ބެލިޔަސް ރުހައިލްއާ ނުހަނު ގުޅޭ ބައިވެރިއެއް، އަނެއްކާ ކުޑައިރު އޮތް ގާތްކަން ލޯތްބަށް ބަދަލުވާކަށް ގިނަ ދުވަހެއް ނުނަގާނެ” މަލީކު އޭނާގެ ޚިޔާލު ފާޅުކޮށްލިއެވެ.
“އެހާ ބޮޑަށް އެކަންތައްތަކާ ފިކުރުބޮޑުނުކޮށް ދެން ހިނގާ” ޝާރުދާ ތެދުވެ މަލީކުގެ މުލައްދަނޑީގައި ފިރުމާލިއެވެ.
ކޮޓަރިއަށް ވަދެގެން އައިސް އެނދުގައި އިށީންގޮތަށް ރުހައިލަށް ވިސްނެމުން ދިޔައީ މަލީކުއާ މެދުއެވެ. މައިންބަފައިންނަށް އޭނާގެ ހިތް އޮތްގޮތް އެނގުމުން ވާނެ ގޮތަކާއިމެދުއެވެ. ބައްޕައަށް ވިސްނެން ވަގުތު ނަގާނެކަމުގައި ރުހައިލު ޤަބޫލުކުރެއެވެ. އެހެންނަމަވެސް ޝާރުދާ، ރުހައިލު ދެކެ ވަރަށް ލޯބިވެއެވެ. އެހެންވީމާ އޭނާގެ ދަރިފުޅު ވިސްނުމެއްނެތި ނިންމުމެއް ނުނިންމާނެކަން ޝާރުދާއަށް އެނގޭނެ ކަމުގައި ރުހައިލު ދުށްޓެވެ.
* * * *
ނަގަމުން ދިޔަ ސެޝަންތައް ނިމި ސޮފޫރާގެ އެންމެ ފަހު ވަގުތުކޮޅު ޝާންގެ ކޮޓަރީގައި ހޭދަކުރަމުން ދިޔައީ މާޔޫސްވެފައި އިނދެއެވެ. އޭނާ އުންމީދުކޮށްގެން ހުރީ ސެޝަން ނިމުނީކަމުގައި ޝާން ބުނި ބުނުމާއެކު އެ ދެމެދުގައި އޮތް ގުޅުން މިހާރަށްވުރެ ގާތްވާނެ ކަމުގައެވެ. އެހެންނަމަވެސް ޝާން، އޭނާގެ އަތުގައި އޮތް ފޮތް ލައްޕާލާފައި އައިސް އޭނާގެ މޭޒު ދޮށުގައި އިށީނީ ސޮފޫރާއަށް ބަލާ ވެސް ނުލައެވެ. ފެންކަޅިވެފައި ހުރި ސޮފޫރާގެ ދެ ލޯ ޝާންއަކަށް ނުފެނެއެވެ. ދިގު ގޮނޑީގެ ކައިރީ ހުރި ތިރި މޭޒުގެ މަތިން އަތް ދަބަސްނަގާ ކޮނޑުގައި އަޅުވާލުމާއެކު ސޮފޫރާ އެ ކޮޓަރިން ނިކުންނަމުން ލޯ ފުހެލިއެވެ. އޭނާގެ ފަހަތުން ލައްޕާލި ދޮރާ ދިމާއަށް ޝާން ބަލާލީ ދެނެވެ.
“އަރ ޔޫ އޯކޭ؟” ސޮފޫރާ ކާރަށް އަރާ ހަމަޖެހިލުމާއެކު އުނައިސް އަހާލިއެވެ. އެއާއެކު ކާރުގެ ދޮރުގެ ބިއްލޫރިގަނޑުން ބޭރު ބަލަހައްޓައިގެން އިނދެ ސޮފޫރާ ބޯޖަހާލިތަން އުނައިސްއަށް ފެނުނެވެ.
“ހިނގާ ހޫނު އެއްޗެއް ބޯލަން ދަމާ، ކިހާ ފިނި ދުވަހެއްމީ، މޫސުން އޮތް ގޮތުން ހީވަނީ ވަރަށް އަވަހަށް ވާރޭ ވެސް ވެހެންފަށާފާނެހެން” އުނައިސް ޚިޔާލެއް ފާޅުކޮށްލިއެވެ.
“ވަރަށް އަވަހަށް ގެއަށްދާން ބޭނުންވަނީ، ކުޑަކޮށް ނިދާލާން ބޭނުންވެގެން” ސޮފޫރާ މިފަހަރު ވެސް އުނައިސްއަށް ބަލައެއްނުލިއެވެ. ބަހެއް ނުބުނެ އިރުކޮޅަކު އުނައިސް އިނުމަށްފަހު ސޮފޫރާއަށް ބަލާލިއެވެ. ސުވާލުގެ ނަޒަރަކުންނެވެ. ސޮފޫރާ އިނީ ކަމެއްވެފައިކަން އުނައިސްއަށް އެނގެއެވެ. އެކަމަކު އޭނާ އެއްވެސް ކަމެއް އުނައިސްއާ ޚިއްޞާ ނުކުރާނޭކަން ވެސް އޭނާއަށް އެނގެއެވެ. އެއްޗެއް ބުނަން އުޅެފައި ވެސް ފަސްޖެހުނީ އެހެންވެއެވެ.
މެންދުރުގެ ވަގުތުގައި ވެސް ދުނިޔެ މަތި ފެންނަނީ އަނދިރިކޮށެވެ. ދޭއްޖަހާލާ ކަންހާއިރު ކަޅުވިލާތަކުން އުދަރެސް އެއްކޮށްބައްދާލަމުން ޖެހެމުންދިޔަ ވަޔާއެކު ބޯކޮށް ވާރޭ އޮއްސާލިއެވެ. ކޮޓަރީގައި ހުރި ކުޑަދޮރުން ބޭރު ބަލަން ހުރި ސޮފޫރާއަށް ކުޑަދޮރުގެ ބިއްލޫރިގަނޑުން އޮހެމުންދިޔަ ފެންތިކިތައް ފެނެއެވެ. އެ މަންޒަރަށް ގެއްލިފައި އިރުކޮޅަކު ހުރުމަށްފަހު ސޮފޫރާ އައިސް އެނދުގައި އޮށޯވެލިއެވެ. ޝާންގެ ޚިޔާލުތައް ސިކުނޑިން ނެރެލެވޭތޯ އޭނާ މަސައްކަތް ފެށިއެވެ. ނަމަވެސް އެކަން ކުރުމަކީ ފަސޭހަކަމަކަށް ނުވިއެވެ. އަދީބުގެ މަތީން ހަނދާންނައްތާލުން ފަސޭހަކަމަކަށް ވިއެއްކަމަކު ޝާންއަށްޓަކައި ސޮފޫރާގެ ހިތުގައިވާ އިހުސާސްތައް ތަފާތެވެ. އަމިއްލަ ނަފުސަށް ގެއްލުންވަނޭ އެއްވެސް ކަމެއް ސޮފޫރާ ނުކުރާނަން ކަމަށް ޝާންއަށް ވަޢުދުވެފައިވާތީ އޭނާ ބެލީ ހުރިހާ ޚިޔާލަކާ ދުރަށް ދެވޭތޯއެވެ. އެނދުގައި ދެ އަތަށް ފުރޮޅެމުން ދަނިކޮށް ކޮޓަރީގެ ދޮރު ހުޅުވާލި އަޑުއިވި އަވަހަށް ސޮފޫރާ ދެ ލޯ މަރާލިއެވެ.
“ސޮފޫ… ސޮފޫ… ނިދާފަތަ؟” އުނައިސް ދެފަހަރަކު ގޮވާލާފައި ކޮޓަރީގެ ދޮރު ލައްޕާލިއެވެ. އެއާއެކު ސޮފޫރާ ލޯ ހުޅުވާލިއެވެ.
އިރުއޮއްސެންދެން ސޮފޫރާ އުޅުނީ އެކަހަލަ ހާލެއްގައެވެ. ވެހެމުން ދިޔަ ވާރޭ ހުއްޓާލާނެކަމުގެ އެއްވެސް ނިޝާނެއް ނުފެނެއެވެ. އެހެންވިޔަސް އެނދުން ތެދުވާ ޚިޔާލެއް އޭނާ ނުކުރިއެވެ. އެހެން އޮއްވާ އިރުއޮސުނު ފަހުން ފޯނު ރިންގުވާން ފެށިއެވެ. ބަލާލިއިރު ފޯނުގައި ނެތް ނަންބަރަކަށް ވާތީ ގުޅަނީ ކާކުކަމެއް ނޭނގުނެވެ. ނުނަގަން އޮވެފައި ވެސް ފޯނު ނަގާ ކަންފަތުގައި ޖައްސާލިއެވެ.
“މި ކޮޓަރިން ނިކުމެގެން ދިޔައީއްސުރެން އަހަރެން މި ވިސްނަނީ ސޮފޫއާ މެދު، ގުޅަންވީކަމެއް ނުގުޅަންވީކަމެއް ނޭނގިގެން، އަދިވެސް ހިތަށް އަރަނީ މިކުރެވެނީ ރަނގަޅުކަމެއްބާއޭ، އެހެންމީހުންގެ ވާހަކަތައް އަޑުއަހާއިރު، އަހަރެންގެ އަމިއްލަ ހިތުގެ އަޑު އަހަން މިއަދު އަހަންނަށް ފަސޭހައެއްނޫން، ސޮފޫ… އަޑުއަހަންތަ ތިއިނީ” ފޯނުގެ އަނެއްކޮޅުން ސޮފޫރާއަށް އިވުނީ ޝާންގެ އަޑެވެ. އެނދުގައި އިށީންނަމުން ސޮފޫރާ އަވަސްއަވަހަށް “އާނއެކޭ” ބުނެލިއެވެ.
“ޝާން، ދެމީހުން ވާހަކަދައްކާލުމަކުން ކޮބާ މައްސަލައަކީ، މިހާރު ގުޅައިގެން ތިހުރީ ޔަޤީނުން ވެސް އަހަންނާ ވާހަކަދައްކަން ޝާން ވެސް ބޭނުންވާތީ، އެހެންވީމަ އަމިއްލަ ނަފްސަށް އޮޅުވާލަންވީ ކީއްކުރަން” ސޮފޫރާ ބުންޏެވެ.
ޝާންގެ އަމިއްލަ ޟަމީރު ވެސް އޭނާއަށް ސޮފޫރާ ކަމުދާ ކަމުގައި އަންގައިދޭން މަސައްކަތްކުރަމުން ދިޔައެވެ. އެހެންނަމަވެސް ސިކުނޑީގެ ހަލަބޮލިކަން އިތުރުވެފައިވާތީ ރަނގަޅު ނިންމުމެއް ނުނިންމިދާނޭތީ އޭނާ ކަންބޮޑުވެއެވެ. ސޮފޫރާއާ ރައްޓެހިކަމުގެ ގުޅުން ބާއްވައިފިނަމަ އެ ގުޅުން އިތުރު ގުޅުމަކަށް މަގުފަހިކުރާނޭކަން ޝާންއަށް އެނގެއެވެ. އަމިއްލަ ހިތުގައި އުފެދިފައިވާ އިހުސާސްތައް ކުރިފަޅައި ހެދުމުގެ ފުރުޞަތު ދޭން އޭނާ ޖެހިލުންވަނީއެވެ. އެއީ ކީއްވެކަމެއް ވެސް އޭނާއަކަށް ނޭނގެއެވެ. އެކަން ހުއްޓުވުމުގެ ބާރު ޚުދު އޭނާގެ ހުރި ކަމާމެދު ޝާން އޭނާގެ ޟަމީރާ ސުވާލު އުފައްދައެވެ.
“ހެލޯ… ޝާން… އެބަހުރިންތަ؟ ކީއްވެ އެއްޗެއް ނުބުނެ ތިހުންނަނީ، އަހަންނާ ވާހަކަދައްކާލާކަށް ނޫންތަ ތި ގުޅީ” ސޮފޫރާ ފޯނުން ވާހަކަދެއްކިއެވެ.
“އެހެން އިރަކުން އަހަރެން ގުޅާލިޔަސް އެންމެ ރަނގަޅުތަ؟ އަދިވެސް މިހިރީ ކުލިނިކުގައި، ހަމަޖެހިލައިގެން އަހަރެން ސޮފޫއަށް ގުޅާނަން” ޝާން ބުންޏެވެ. ޝާން އެދުނު ގޮތަށް އޭނާއަށް ވަގުތު ދެމުން ސޮފޫރާ ފޯނުކޯލު ކުރުކޮށްލިއެވެ. ޚުދު އާނާއަށް ވެސް ޝާންގެ ނިންމުން ޔަޤީނެއް ނުވެއެވެ. އެ ފޯނުކޯލަށް ފަހު އަލުން އެ އަޑު އިވިދާނެކަމާމެދު ވެސް ސޮފޫރާއަށް ޝައްކެވެ.
އުޒައިރުގެ ކަންކަން އެންމެ ފުރިހަމައަށް އާތިޤާކޮށްދެއެވެ. އެކަން ލުތުފީއަށް ފާހަގަވެއެވެ. އާތިޤާއަކީ އެގޭގައި އޭނާގެ ކުދިންގެ ކަންތައްތައް ބަލަން ހުންނަ މީހަކަށް ވާކަށް ލުތުފީ ބޭނުމެއްނޫނެވެ. ހަޔާތުގެ ބައިވެރިއަކު ހުރުން މުހިންމު ވެގެންދިޔައީ އާތިޤާ ފެނިފައެވެ. އޭނާގެ އުޅުމާއި ލުތުފީގެ ދަރިންނާމެދު ކަންތައްކުރާގޮތް ފެނުމުން ވަކިން ހިތުގައި އޮތް އެދުން އިތުރުވެގެންދިޔައެވެ. އެއްފަހަރު އާތިޤާގެ ގާތުން އޭނާއާ ގުޅުމަށް އެދެވި އެކަމަށް އޭނާއަށް ޖަވާބު ވެސް ލިބިއްޖެއެވެ. އެހެންވިޔަސް ލުތުފީގެ ހިތެއް ބަދަލެއް ނުވިއެވެ. ހިލޭ އަންހެނެއްގެ ގޮތުގައި ގޭގައި އާތިޤާ ބެހެއްޓުމަށްވުރެ މިހާރު އޭނާ ބޭނުންވަނީ އާތިޤާއަކީ އޭނާގެ އަނތްބެއްގެ ގޮތުގައި ބޭންދުމެވެ. އެހެންވެ ދެވަނަ ފަހަރަށް ވެސް ލުތުފީ، އާތިޤާގެ ގާތުން ކައިވެންޏަށް އަހަން ތައްޔާރުވެލިއެވެ. ރޭގަނޑުގެ ކެއުން ނިންމާފައި ކުދިން ކާކޮޓަރިން ނިކުތުމާއެކު ލުތުފީ މަޑުކޮށްލީ އާތިޤާއާ ވާހަކަދައްކާލުމަށެވެ.
“އާތިޤާ އެނބުރި ރަށަށް ދާކަށް އަހަންނަކަށް ނުފެނޭ، އަހަރެން ބޭނުންވަނީ ތި ދެމައިން މިގޭގައި އުޅެން، މިގެއިން ތި ދެމައިން ދުވަހަކު ވެސް ނިކުންނާކަށް ނުޖެހޭނެ، ސޮފޫރާއަކީ އަހަރެންގެ މިތިބަ އެހެން ދަރިން ފަދައިން އަހަރެން ދެކޭ ކުއްޖެއް، އޭނާގެ ދިރިއުޅުމުގައި ދިމާވިކަންކަން އަހަރެންގެ ލޮލުން ވެސް ދުށިން، އޭނާއަށް ވެސް އެންމެ ރަނގަޅުވާނީ ދެން އެނބުރި ރަށަށް ނުދިޔައްޔާ، މިހާރު ސޮފޫރާ ވެސް ވަރަށް ހަމަޖެހިފައި ހުންނަނީ، އޭނާގެ އެ ހަމަޖެހުން ގެއްލި ހިނގައިދާނެ ރަށަށް ގޮސް އަލުން އެ ހުރިހާ ކަމަކާ ކުރިމަތިލާން ޖެހިއްޖެނަމަ، އުޒައިރު ވެސް ދެކެނީ އާތިޤާއަކީ މިއަދު އޭނާގެ މަންމަގެ މަޤާމުގައި ހުރި މީހާކަމުގައި، އަހަންނަށްވުރެ އެކުއްޖާ އާތިޤާދެކެ ލޯބިވާކަން އެނގޭ، އެ ދަރިފުޅުގެ އުފާތައް ގެއްލޭކަށް އަހަރެން ބޭނުމެއްނޫން، އާތިޤާއަށް އަހަރެން އެއްވެސް ކަމެއްގަ މަޖުބޫރު ނުކުރާނެކަން މިހާރު އެނގޭނެ، އަދި އަހަންނަކީ ކޮންކަހަލަ މީހެއްކަން އާތިޤާއަށް ނޭނގި ނޯންނާނެކަމުގައި އަހަރެން ޤަބޫލުކުރަނީ، ތިހެން ހިލޭ އަންހެނެއްގެ ގޮތުގައި އަހަރެންގެ ގާތުގައި ހުރެ ހުރިހާ ކަމެއް ކޮށްދޭކަށް އާތިޤާއަކީ އަހަރެން މިގެއަށް ގެނައި ނޯކަރެއްނޫން، މިގޭގައި ހުރިހާ ކަމެއްކުރާނެ ނޯކަރުން އެބަތިބި، ހިތަށް އަރަނީ…. އަހަރެންގެ ކިބައިގައި ކޮންއުނިކަމެއް ހުރެގެންބާއޭ އާތިޤާގެ ހަޔާތުން އަހަންނަށް ފުރުޞަތެއް ނުދޭން ތިއުޅެނީ، އަހަރެން އެންމެ ފުރަތަމަ ކައިވެންޏަށް އެދުނު ދުވަހު ވެސް އެހެން އެހީ ސަމާސާއަކަށް ނޫން، މިހާރު ސާމާސާކޮށް އުޅުނު އުމުރު ހިނގައްޖެ، މިހާރު ބޭނުންވަނީ ހަރުދަނާ ދިރިއުޅުމެއް، ދަރިންނަށް މަޔެއްގެ ފަރާތުން ލިބޭނެ ކުދިކުދި އުފާތައް އެ ކުދިންނަށް ގެއްލުނަ ނުދޭން، އާތިޤާގެ ތި އެކަނިވެރިކަމުގައި އަހަރެން ބައިވެރިވާން ބޭނުން، ޚުދު އަހަންނަކީ ވެސް މިހާރު އެކަނިވެރިވެފައި ހުރި ބަފައެއް، އަންހެނެއްގެ އެހީތެރިކަން ބޭނުން، އާތިޤާގެ އެހީތެރިކަން އަހަރެން ބޭނުން…” ލުތުފީގެ ވާހަކަތައް އަޑުއަހަން ކާމޭޒު ދޮށުން ނުތެދުވެ އާތިޤާ އިނެވެ. އެހެންނަމަވެސް އޭނާގެ ނަޒަރު ހުރީ ތިރިކޮށްލެވިފައެވެ.
“ލުތުފީ، އަހަންނަކީ އަދި އަހަރެންގެ ޢާއިލާއަކީ ވެސް ވަރަށް ބަދުނަސީބު ބައެއް، މަންމައަށް ލިބުނީ އަހަންނާ ދޮންބޭބެ އެކަނި، އެކަމަކު ބައްޕައަށް އެހެން ބަޑަކަށް ހަތަރު ކުދިން ލިބުނު، އެއީ އަހަރުމެން ރަށުގެ މީހަކާ އިނދެގެނެއްނޫން، އެ މީހުންނާ އަހަރުމެންނާ އެއްވެސް ގުޅުމެއް ނޯވޭ، އަހަރެން ހަނދާން ހުންނަން ފެށީއްސުރެ އަހަރެންގެ މަންމައަކީ އަބަދު ބަލިވެ އުޅޭ މީހެއް، އެތަކެއް ބޭހެއް ކުރެވުނު އެހެންނަމަވެސް މަންމަ ނިޔާވީ ވަރަށް ކުރިން، އޭގެ ގިނަ ދުވަސްތަކެއް ނުވަނީސް ބައްޕަ ވެސް ނިޔާވެއްޖެ، އެ ދެމީހުން ވެސް މަރުވީ ހަމަ ކުއްލިއަކަށް، މީހުން ބުނަނީ އަހަރުމެންގެ ޢާއިލާއަށް ކަންވެރިކަމެއް ޖެހިފައި ހުރިއްޔޭ، ރަށުތެރޭގައި ދެކެވޭ ވާހަކައިގެ ހަޤީޤަތް ބަލާ ވަރަށްވުރެ އަހަންނާ ދޮންބޭބެގެ އުމުރު ހަގު، ތިމާގެ މީހުން އަހަރުމެންނާ ގުޅުމެއް ނުބާއްވާ، ދޮންބޭބެގެ ބުރަ މަސައްތައްކަތުން ބައްޕަގެ ހުލިވަމުން ދިޔަ ވިޔަފާރި ކޮޅަށްޖެހީ، ރަށުގައި ކުރާނެ ގިނަ ކަންތައްތަކެއް ނުހުންނާތީ އަހަރެން ވެސް ބެލީ މީހަކާ އިނދެވޭތޯ، އެކަމަކު މީހަކާ އިނދެ ދަރިފުޅަށް އަހަރު ނުވެގެން އުޅެނިކޮށް ފިރިމީހާ ނިޔާވީ ހަމަކުއްލިއަކަށް، ބައްޔެއް ވެސް ނޫން، ސިއްހަތު ސަލާމަތުން ގަދަވެ ހުރެފައި، އެއަށްފަހު ދެން އިވުނީ ދޮންބޭބެއަށް ދަރިއަކު ލިބުނު ހިނދު އަނބިމީހާ މި ދުނިޔެއާ ވަކިވެގެން ދިޔަ ޚަބަރު، އަނެއްކާ ވެސް އަހަރުމެން ދެބެން އެކަނިވީ، އަހަރެން މިހާރު ބިރުގަނޭ، ދިރިއުޅުމެއް ފަށަން ޖެހިލުންވަނީ، ދިރިއުޅުމެއް ނުފެންނާނޭތީ… ލުތުފީއަކީ ރަނގަޅު މީހެއް، އަންހެނަކު އޭނާގެ ހަޔާތަށް ގެންނަން އެދޭ އެތައް ސިފައެއް ލުތުފީގެ އެބަހުރި، އެހެންނަމަވެސް އަހަރެން ކަހަލަ އަންހެނަކު ލުތުފީގެ ދިރިއުޅުމަށް އަތުވެއްޖެނަމަ އަހަރެންގެ ބަދުނަސީބުކަން ލުތުފީގެ ހަޔާތް މުޅިން އަނދިރިކޮށްފާނެ، އަހަންނަށް އަލުން އެ ދުވަސް ދެކޭން ކެތެއްނުވާނެ” އާތިޤާގެ ހިތުގައިވާ އެއްޗެއް އޭނާ ލުތުފީގެ ކުރިމައްޗަށް ބަންޑުންކޮށްލީ އެއްވެސް ޖެހިލުމެއްނެތިއެވެ. އެ ދެމެދުގައި އޮތް އިތުބާރެއްގެ ބޮޑުކަމުންނެވެ. ލުތުފީގެ އެދުން ފުރިހަމަކޮށްދޭން އޭނާގެ ހިތް ވެސް ބައެއްފަހަރު އެއްބަސްވެއެވެ. އެކަމަކު ހަޔާތުގެ ތަޖުރީބާ ކުރިޔަށް ފިޔަވަޅުއެޅިޔަ ނުދެނީއެވެ.
“އިރާދަކުރެއްވިއްޔާ އާތިޤާ ތިހީކުރާ ކަހަލަ ކަމެއް ދިމައެއްނުވާނެ، ކޮންމެ ފަދަ ކަމެއް ކުރިމަތިވި ނަމަވެސް އެކަމަކަށް ކެތްކުރެވޭނެހާ ހިތްވަރު ﷲ އިރާދަކުރެއްވީތީ އެބަހުރި، ޙައިދަރު ގާތުގައި އަހަރެން އާތިޤާގެ ކައިވެނީގެ ވާހަކަދެއްކުމުން، އޭނާ ވަނީ އެކަން އާތިޤާގެ އަތްމައްޗަށް ދޫކޮށްލާފައި، އާތިޤާ ބިރުގަންނަ ނަމަ މިހާރު ތި ފަދަ ކަންކަން ރަނގަޅު ކުރުމަށް ކުރެވޭނެކަންކަން ވެސް އެބަހުރި، ތިޔައީ ޞާލިޙު އަންހެނެއް، އެފަދަ ނުބައިކަމެއް އިރާދަކުރެއްވިއްޔާ އާތިޤާއަށް ކުރިމައްޗެއްނުވާނެ، އާނ ބަސް ބުނޭ، އަހަންނާ އާތިޤާ ކައިވެނިކުރާނަންތަ؟” ލުތުފީ އިނީ އާތިޤާއަށް ނަޒަރު ހުއްޓާލިގޮތަށް އޭނާގެ ޖަވާބެއްގެ އިންތިޒާރުގައެވެ.
ވިސްނަން އިން ފަދަ ގޮތަކަށް އާތިޤާ އިސްޖެހިފައި އިނުމަށްފަހު ލުތުފީއަށް ބަލާލިއެވެ. އެ ދެ ލޮލުން ކަމެއް ދެނެގަންނަން އުޅޭ ކަހަލައެވެ. އިރުކޮޅަކު ބަލަން އިނުމަށްފަހު އަނެއްކާ ވެސް އާތިޤާ އިސްޖަހާލިއެވެ. އަދި ހަށިފުރާ ލީ ނޭވާއާއެކު މަޑުމަޑުން ބޯޖަހާލިއެވެ.
“އިންނޭނަމޭތަ ތިބުނަނީ؟” ހައިރާންކަން ލިބިގެންދިޔަ ލުތުފީއަށް އަހާލެވުނެވެ. އެއާއެކު މިފަހަރު ވެސް އާތިޤާ ބޯޖަހާލިއެވެ.
“އެކަމަކު… އެކަމަކު މިކަން…. އެހާ ބޮޑުކަމަކަށް ހަދާކަށް އަހަރެން ބޭނުމެއްނޫން” ލަދުވެތިކަން އެކުލެވިފައިވި ގޮތަކަށް އާތިޤާ ބުނެލިއެވެ.
“އަހަރުމެން މި އުމުރުގައި ކައިވެނި ކުރާއިރު ތިޔަފަދަ ކަމެއް ކުރީމާ މީހުން ޖޯކެއްނު ޖަހާނީ، އަހަރުމެންގެ މުޖުތަމައުގައި އޮންނަ ގޮތެއް ނޫންވީމަ” ކުޑަކޮށް ހީނލަމުން ލުތުފީ ބުނެލިއެވެ. އެހިނދު އާތިޤާގެ ތުންފަތުން ވެސް ހިނިތުންވުމެއް ފާޅުވެގެން ދިޔައެވެ.
* * * *
“ހިނިއައިސްފައި އިންނާނެކަމެއްނެތް، ކައިވެންޏަށްފަހު ދަރިފުޅު އުޅޭނީ އެގޭގައި، ދޯ ޒާހިރު” ބޮޑުކޮޓަރީގައި ހުރި ސޯފާގައި މަރިޔަމް އާއި އޭނާގެ ޢާއިލާގެ ދެން ތިބި މެންބަރުން ތިއްބެވެ. ދެކެވެމުން ދިޔައީ ދަރިފުޅު ނައިރާގެ ކައިވެނީގެ ވާހަކައެވެ.
“ދެން މަންމާ” ރަކިވެފައި އިން ނައިރާ، މަރިޔަމްގެ ކޮނޑުގައި ބޯ އަޅާލިއެވެ.
“މަލީކު ބޭނުންވަނީ ކައިވެނި އަވަސްކުރަން، ރޭގައި ގުޅާލާފައި ބުނި، ނައިރާގެ ގްރެޖުއޭޝަންގެ ކުރިން ކައިވެނި އިއުލާންކުރަންވީ ނޫންހޭ، އަހަރެން އަދި ވަކި ޖަވާބެއް ނުދެން، މަރިޔަމް އައި ދަރިފުޅާ ވާހަކަދައްކާލާފައި ގޮތެއް ނިންމަންވެގެން” ޒާހިރު ބުނެލިއެވެ.
“އަޅުގަނޑަށް އެންމެ ރަނގަޅު، ޒާހިރުއަށް ފެނިލައްވާ ގޮތަކަށް ކަންތައްކުރެއްވީމާ ރަނގަޅުވާނެ، ނައިރާ ވެސް ނުހަނު ޤަބޫލު ރުހައިލާ، މިހާރު މިގެއިން މި ކުއްޖާ ފެންނަވަރެއްނުވޭ، ޝާރުދާއަށް ގުޅާލާއިރަށް ބުނާނެ ނައިރާ އެބައުޅެޔޭ، ދެން ނުފޮނުވާނަމޭ މިގެއަކަށް…” މިހެންބުނެ މަރިޔަމް ހީނލިއެވެ.
“ބައްޕައަށް އޭރު ވެސް އެނގޭ ދަރިފުޅަށް ރުހައިލު ކަމުދާނެކަން، ބައްޕައަށް ވެސް ވަރަށް ކަމުދޭ، ހަރުދަނާ ރަނގަޅު ކުއްޖަކާ ކައިވެނީގެ ގޮތުން ގުޅެންވާނީ، ބައްޕައަށް އެނގޭ ރުހައިލު، ދަރިފުޅު ބަހައްޓާނީ ވަރަށް އުފަލުގައިކަން، އެންމެ ބޮޑަށް ހިތްހަމަޖެހޭނީ އޭނާގެ މައިންބަފައިންނަށް ކުރާ ޤަދަރުފެނިފައި، މިހާރު މި މުޖުތަމައުއިން އެ ފަދަ މަންޒަރެއް ފެނުމަކީ ދުރުކަމެއް، ދަރިން ބޮޑު ނުވަނީސް ފިޔަފަޅައިގެން އުދުއްސައިގަންނާނެ ވަރަށް އަވަހަށް، މައިންބަފައިންނަކީ އެއްވެސް ބަޔަކަށް ނުވާނެ” ޒާހިރުގެ ދުލުން ރުހައިލަށް ތަޢުރީފު ކުރުމުން ނައިރާއަށް އިތުރު ހިތްހަމަޖެހުމެއް ލިބިގެން ދިޔައެވެ. އޭނާގެ ހިތަކީ މިހާރު އަމިއްލަ ބާރު ފޯރާ ވަރަށްވުރެ ރުހައިލުގެ އެއްޗަކަށްވެ ނިމިއްޖެއެވެ. ފުރަތަމަ ނަޒަރުން މީހަކު ދެކެ އެވަރަށް ލޯބިވެވިދާނެކަން ކުރިން ޤަބޫލުނުކުރި ނަމަވެސް ނައިރާއަށް އެކަން ޤަބޫލުކުރަން މިހާރު މަޖުބޫރުވެފައިވެއެވެ. ޚުދު އޭނާއަކީ އެކަމުގެ ހެއްކަކަށްވީމައެވެ. ރުހައިލުގެ އަނތްބެއްގެ ގޮތުގައި އިނުމީ މިހާރު އޭނާ ދެކެމުން އަންނަ އެންމެ ބޮޑު ހުވަފެނެވެ. މައިންބަފައިންގެ ދުވަހަކު ވެސް ދަރިންނަށް ދެރަގޮތެއް ނޭދޭނެކަން ނައިރާ ޤަބޫލުކުރެއެވެ. މިއަދު އެމީހުން އޭނާގެ ދިރިއުޅުން ބިނާ ކޮށްދޭން އެ މަސައްކަތްކުރަނީ ޚުދު ނައިރާ ހިތްހަމަޖެހޭނޭ ފަދަ ގޮތަކަށެވެ. އޭނާގެ ހިތްހަމަޖެހުމާ އުފާތައް، އޭނާގެ މައިންބަފައިންނަށްވުރެ މޮޅަށް އެނގޭނޭ ދެވަނަ ބައެއް ނުތިބޭނެކަން ސާބިތުވެއްޖެއެވެ.
“ދަރިފުޅު ކީކޭތަ ބުނަނީ، ގްރެޖުއޭޝަންގެ ކުރިން އެކަން ނިންމަންވީތަ، ނޫނީ ހުރިހާ ކަމެއް މާ އަވަހަށްތަ މިދަނީ” ޒާހިރު ބޭނުންވީ ނައިރާގެ ޚިޔާލެކެވެ.
“މަންމަ އާއި ބައްޕައަށް ފެނިލައްވާ ކޮންމެ ގޮތަކާ އަޅުގަނޑު ރުހެން” މަރިޔަމް ލައިގެން އިން ކުރުތާގެ ފަސްބަޔާ ކުޅެމުން ނައިރާ ވާހަކަދެއްކީ ލަދުން އިނދެއެވެ.
“މަންމާ، އަޅުގަނޑު ދެން ދަނީ ކޮޓަރި، އަދި ހަނދާންނެތިފައި މިއިނީ، ފަޒަލް ގުޅާފައި ބުނި މާދަމާ ރުހައިލް އާއި އޭނަގެ އިތުރުން ރަޙުމަތްތެރިންތަކަކާއެކު ހުޅުމާލެއަށް ދާ ވާހަކަ، އެމީހުންނާ ބައިވެރިވުމަށް ދަޢުވަތު ދީފައި އޮތީ….” ނައިރާގެ ވާހަކަ ނުނިމެނީސް މަރިޔަމް އޭނާއަށް ހުއްދަދިނެވެ. ޒާހިރު ވެސް މަރިޔަމްއާ އެއްބަސްވުމުގެ ގޮތުން ބޯޖަހާލިއެވެ. ހިނިތުންވެލި ގޮތަށް ނައިރާ ސޯފާއިން ތެދުވެގެން އަވަސް އަވަހަށް އޭނާގެ ކޮޓަރިއާ ދިމާއަށް ދިޔައެވެ.
“ކޮންއިރަކުން އިކްރާމް އަންނަނީ، އަޅުގަނޑަށް ހީވަނީ އިކްރާމް ވެސް ވަރަށް އަވަހަށް މީހަކާ އިނދެފާނެހެން، މިކޮޅަށް އައިފަހުން ކޮންމެރެއަކު ކަހަލަ ގޮތަކަށް ބެލްކަނީގައި ފޯނުގައި ހުންނަތަން ވަރަށް ފެނޭ، ހީވަނީ އަންހެންކުއްޖަކާހެން ވާހަކަދައްކަނީ” މަރިޔަމްގެ ދޮށީދަރިފުޅާ މެދު އޭނާ ވާހަކަދައްކަން ފެށިއެވެ. ދެމަފިރިންގެ ސަމާލުކަން އެހިސާބުން ނައިރާގެ ބަދަލުގައި އޭނާގެ ބޭބެއަށް އަމާޒުވެގެން ދިޔައެވެ.
* * * *
ރަށުގައި އެކަނިމާ އެކަނި ހުންނަންވުމުން ޙައިދަރަށް އެކަނިވެރިކަން ލިބިފައިވެއެވެ. އާތިޤާ މާލެ ބަދަލުވުމާއެކު ގޭތެރޭގައި ކަންކަން ކުރުމަށް ޙައިދަރު މީހަކު ހޯދިއެވެ. އެހެންނަމަވެސް ގޭތެރޭގެ ފަޅުކަން ޙައިދަރަށް އިހުސާސްވެއެވެ. އާތިޤާއަށް ގުޅާފައި ސޮފޫރާ ގޮވައިގެން އެނބުރި ރަށަށް އަންނަން ބުނުމުގެ ހައްޤު އޮންނާނެ ކަމަކަށް އޭނާ ނުދެކެއެވެ. ފެށުނީއްސުރެން އާތިޤާގެ އެއްވެސް ކަމަކާ އޭނާ ނުބެހެއެވެ. ކޮއްކޮ ހިތްހަމަޖެހޭ ގޮތަށް ދިރިއުޅުން ބައްޓަން ކުރުމުގެ ފުރިހަމަ މިނިވަންކަން ޙައިދަރު ދިނެވެ.
އިޝާ ނަމާދުން އައިސް ގޯތިތެރޭ ހުރި އަށީގައި އިށީނދެލައިގެން އިންއިރު ޙައިދަރުގެ ސިކުނޑީގައި ވަނީ ލުތުފީގެ ޚިޔާލުތަކެވެ. ލުތުފީ އެތައް ފަހަރެއްގެ މަތީން އޭނާއަށް ހުށަހަޅަމުން އައި ވިޔަފާރީގެ ފުރުޞަތުތަކެވެ. ހަމައެއާއެކު އޭނާ އިތުބާރު ކުރާ މީހަކު ކަމުގައި ލުތުފީ ވެއެވެ. ދަރިފުޅާ ގާތުގައި ހުރެވޭނީ ވެސް މާލެ ބަދަލުވެގެން ކަމުގައި ޙައިދަރަށް ވިސްނެއެވެ.
އެކަނިމާއެކަނި ރަށުގައި ހުރުމުގެ ޚިޔާލު ޙައިދަރު ބަދަލުކުރަން ބޭނުންވިއެވެ. އަދި ލުތުފީގެ ހުށަހެޅުމާއެކު ވިޔަފާރި ވެސް ފުޅާކުރަން އޭނާ ނިންމިއެވެ. އޭނާގެ ވިސްނުން ހުރީ އޭނާ ނެތް ދުވަހަކު ވެސް އޭނާގެ މުދަލުން ސޮފޫރާ އާއި އަރުފީނަށް މަންފާއެއްވުމެވެ. އެ ދެ ކުދިންނަށް އުފަލުގައި ހަމަޖެހިގެން އުޅެވޭނޭ ވަރަށް ފައިސާ އެއްވައި ހުރުމެވެ.
“ބޭބޭ، އަޅުގަނޑު ދެން ގެއަށް ދަނީ، ބަދިގެ ސާފުކޮށްފައި ހުރިހާ އެއްޗެއް ވެސް ހޫނުކޮށްފައި މިދަނީ، އިރާދަކުރެއްވިއްޔާ ހެނދުނުން އަންނާނަން” އަށީގައި ބޮޑު ފިކުރަކަށް ގެއްލިފައި އިން ޙައިދަރަށް، ޖަމީލާ ގޮވާލާފައި ބުނެލިއެވެ. އެއާއެކު ޙައިދަރު ބޮލުގެ އިޝާރާތުން އާނއެކޭ ބުނެލިއެވެ. ފިރިމީހާގެ ފަރާތުން އަޅާލުން ކުޑަވެފައި ހުރި އަވަށްޓެރިއާއަށް އެހީތެރިވެ އޭނާއަށް އާމްދަނީއެއް ލިބޭނޭ ފުރުޞަތު ހޯދާދިނުމުގެ ގޮތުން ޙައިދަރު، ޖަމީލާގެ ގާތުން އެގޭގެ ކަންތައްތައް ކޮށްދިނުމަށް އެދުނީއެވެ. އެކަމުގެ ފީއެއްގެ ގޮތުގައި ކޮންމެ މަހަކު ފައިސާގެ އަދަދެއް ކަނޑައަޅައި ދޭނެކަމުގައި ބުނުމުން ރަށުގައި ގޮތެއް ނުފެނިފައި ހުރި ޖަމީލާ އުފަލުން އެ ފުރުޞަތު ޤަބޫލުކުރީއެވެ. އަދި އޭނާގެ މަސައްކަތާމެދު ޙައިދަރު ޝަކުވާކުރާނެ ފުރުޞަތެއް ނުދެއެވެ.
ގޭގެ ދޮރޯށި ހުޅުވި ލެއްޕުނު އަޑު ޙައިދަރަށް އިވުނެވެ. އޭނާ މަޑުމަޑުން ތެދުވެގެން އައިސް ގޭތެރެއަށް ވަނެވެ. ލުތުފީއަށް ގުޅާލުމުގެ ފިކުރުގައި ހުރެއެވެ. ހަމަ އެވަގުތު ޙައިދަރުގެ ފޯނަށް ލުތުފީ ގުޅިއެވެ.
“ވަރަށް ބޮޑު ނިންމުމެއް ނިންމައިގެން ލުތުފީއަށް ގުޅަން އުޅެނިކޮށް ތިގުޅީ” ފޯނު ނަގާ ކަންފަތުގައި ޖައްސާލުމާއެކު ޙައިދަރު ވާހަކަދައްކަން ފެށިއެވެ.
“އަހަރެން ވެސް ލަސްނުކޮށް މިގުޅީ ވަރަށް މުހިންމު ވާހަކައެއް ޙައިދަރު ގާތު ބުނަންވެގެން، އެކަމަކު ފުރަތަމަ ޙައިދަރު ބުނަން އުޅޭ އެއްޗެއް އަޑުއެހުމުގެ ޝައުގުވެރިކަން ބޮޑުވެއްޖެ” ލުތުފީ ބުނެލިއެވެ. އެއާއެކު ޙައިދަރު އޭނާގެ ނިންމުން ލުތުފީއަށް ހާމަކުރިއެވެ. ދެ މީހުންގެ ވިޔަފާރި ފުޅާކުރުމާއި ޙައިދަރު މާލެ ބަދަލުވާން ތައްޔާރަށް ހުރިކަމުގައެވެ. އުމުރުގެ ބާކީ ދުވަސްތައް ޢާއިލާއާ ވަކިން ހޭދަކުރަން ޙައިދަރު ބޭނުންނުވާކަމެވެ. އެ ހުރިހާ ނިންމުމަކަށް ލުތުފީ މަރުހަބާ ކިޔެވެ. ވީ އެންމެ އަވަހަކަށް ޙައިދަރު މާލެ އައުމަށް އޭނާ އެދުނެވެ. އެއަށްފަހު އޭނާއާ އިންނަން އާތިޤާ ރުހުނުކަން އެންގިއެވެ. ޙައިދަރު، އާތިޤާގެ އެ ނިންމުން ބަލައިގަތެވެ. އެކަމުގައި މިފަހަރު މަރުހަބާކީ ޙައިދަރެވެ.
* * * *
“ސޮރީ” ވައިބަރއަށް އައި މެސެޖު އަރުފީނު ކިޔާލިއެވެ. ރުހައިލު މާފަށް އެދެނީ ކޮންކަމަކާ ބާއޭ އޭނާގެ ހިތަށް އެރިއެވެ. އަދި އަވަސްއަވަހަށް މެސެޖެއްލިޔެ ރުހައިލަށް ފޮނުވާލިއެވެ.
“ނޭނގުނިއްޔާ ދެން އަޅާނުލާ، ކީއްކުރަނީ؟ ނިދަނީތަ؟” އަރުފީނު ފޮނުވި މެސެޖަށް ރުހައިލު ޖަވާބު ފޮނުވިއެވެ.
ނިދެންދެކަށް ދެމީހުން ތިބީ ވައިބަރގައި ވާހަކަދައްކާށެވެ. އެހެން ތިބިއިރު، ފަޒަލްގެ ދައުވަތަކަށް ހުޅުމާލެއަށް ދާންއުޅޭ ވާހަކަ ރުހައިލު ބުންޏެވެ. އަދި އޭނާއާއެކު އަރުފީނު ދިއުމަށް އެދުނެވެ. އެހިނދު އަރުފީނު ވަގުތުން ދެކޮޅު ހެދީ ރުހައިލުގެ ޢާއިލާ މީހުން ނުރުހިފާނެތީއެވެ. ނަމަވެސް ރުހައިލު އެދުނީ ސިއްރުން ދެމީހުން ވަކިން ދިއުމަށެވެ. އެއީ ރުހައިލުގެ އެއްވެސް ކަމަކަށް ފަޒަލް ނުރުހިފައި ނުހުންނާނެކަން އެނގޭތީއެވެ. ރުހައިލު ކިތަންމެ ބޭނުންވިޔަސް އަރުފީނު އެއްބަހެއްނުވިއެވެ.
މުޅިން އައު ދުވަހަކަށް ދުނިޔެ ތާޒާވެލައިފައި އޮތްއިރު ހެނދުނުގެ ނާސްތާގައި ކާކޮޓަރިތެރެ ހަލަބޮލިވެފައި ވެއެވެ. ޝާރުދާގެ ޢާއިލާގެ އިތުރުން ޒާހިރުމެންގެ ދެމަފިރިން ވެސް އެ ތަނުގައި ތިބީމައެވެ. މެހެނާޒު އާއި ޝުއައިބު ވެސް އެތަނުގައި ތިއްބެވެ. އެކި ވާހަކަތަކުގެ ތެރެއިން ފަޒަލް ހުޅުމާލެއަށް ދިއުމަށް ރާވާފައި އޮތްކަން ހާމަކުރިއެވެ. އެހިނދު މޭޒު ދޮށުގައި އިން ނައިރާގެ ނަޒަރު ރުހައިލްއާ އަމާޒުވެގެންދިޔައެވެ. އޭނާއިނީ ރުހައިލްއާއެކު ވަގުތުކޮޅެއް ހޭދަކޮށްލަން ބޭނުންވެފައެވެ. ހިތަށް އުފާވެރިކަން ލިބޭކަމަށް ރުހައިލުގެ ގާތުގައިވުން ވާތީއެވެ.
“މިހާ ހެނދުނާތަ ދަނީ؟” ޝުއައިބު ސުވާލުކުރިއެވެ.
“ލައްބަ، އަޅުގަނޑުމެން އަންނާނީ މޫދަށް ވެސް އެރިލާފައި، ރުހައިލުގެ އައު ކާރު ވެސް އަދި އޮތީ އެކޮޅުގައި” ފަޒަލް ބުނެލިއެވެ.
“ހުޅުމާލެއަށް ދިއުމަކުން މައްސަލައެއްނެތް، އެކަމަކު ބަލައިގެން އުޅެންވާނީ، ކާރު ދުއްވުމުގެ ލައިސަންސު ވެސް ރުހައިލު އަތަކު ނޯންނާނެ، އެހެންވީމަ އެއްގޮތަކަށް ވެސް ނުވާނެ އެކޮޅުގައި ކާރުދުއްވައިގެން، ހައިކަލް ގާތު ބުނެގެން މިއުޅެނީ އެމީހުންގެ ޑްރައިވިންގ ސްކޫލުން ރުހައިލަށް ލައިސެންސު ނަގާދިނުމަށް، ބުނި ލީވާން އެކަމުގައި ގުޅާނެކަމަށް، އެކޮޅުގައި ހުންނާނެ ތަނެއް ހަމަޖައްސައިފިންތަ؟ ޝުއައިބު، ޚާލިދު ގާތު ބުނަންވީނު އެކުދިންނަށް އެކޮޅުން ވޭނެއް ހިފައިދިނުމަށް، އަދި ގެސްޓުހައުސްއެއް ހަމަޖައްސާދިނުމަށް” މަލީކު ބުނެލިއެވެ.
ހުރިހާ ކަމެއް އެންމެ ފުރިހަމައަށް ހަމަޖެހުމުން ފަޒަލް ހުރީ ވަރަށް ހިތްހަމަޖެހިފައެވެ. އޭނާ އެންމެ ފުރަތަމަ ވެސް ގުޅީ މިލާންއަށެވެ. ތައްޔާރުވެގެން ހުރުމަށާއި އިރުކޮޅަކުން ބަލާދަނީ ކަމުގައި ބުނެއެވެ. ފާރޫޤު ކާރުގައި ފަޒަލް އާއި ރުހައިލުގެ އިތުރުން ނައިރާ އަރުވައިގެން ދިޔައީ މިލާންމެން ގޭދޮށަށެވެ. އޭރު ގަޑިން ދިހައެއް ޖަހަނީއެވެ. މިލާން ގޮވައިގެން ހުޅުމާލޭ ފެރީ ގިމަތަ ކުރިމައްޗަށް ފާރޫޤު ކާރު މަޑުކޮށްލިއެވެ. އެއާއެކު ކޮންމެ މީހަކު އަތުގައި އޮތް ދަބަސް ހިފައިގެން ކާރުން ފައިބައިފިއެވެ. އަދި ވަށައިގެން ފަޒަލް ހޯދާލީ ނަޒީފު އާއި ރިއާ ފެންނަން ތިބިތޯއެވެ. އެވަގުތު ފެރީގިމަތަ ތެރެއިން އެ ޒުވާނުން ނިކުމެގެން އަންނަތަން ފެނުނެވެ. އެމީހުންގެ ތެރޭގައި ތިބީ ޖޯޑު ހަމަކޮށެވެ. ފަޒަލް، މިލާންގެ އަތުގައި ހިފާލައިގެން ކުރިއަށް ޖެހިލިއިރު، ނަޒީފު ހުރީ ރިއާ ގޮވައިގެންނެވެ. ދެ ޖީބަށް އަތްތިލަކޮށްޕާލަމުން ތުންފަތްފިއްތާލައިގެން ހުރެ ރުހައިލު ނައިރާއަށް ބަލާލާފައި ކުޑަކޮށް ހިނިތުންވެލިއެވެ.
“ދިސް އިސް ސޯ އޯކްވާޑް….” ކުޑަކޮށް ހިނިތުންވެލި ނައިރާ ހިތާ ހިތުން ބުނެލިއެވެ. ރުހައިލުގެ އަތުގައި ހިފާލަން އުޅެފައި ވެސް އެނާ ސޯޓުގެ ޖީބަށް އަތްތިލަކޮށްޕާލީތީ ނައިރާ ފަސްޖެހުނީއެވެ. އެހެންނަމަވެސް ރުހައިލުގެ ގާތުގައި ހުރެގެން އެހެން މީހުންގެ ފަހަތުން ނައިރާ ވެސް އައެވެ.
ލޯންޗުން ތޮށިގަނޑު މައްޗަށް ފޭބުމަށް އެހީތެރިވުމުގެ ގޮތުން ނައިރާއަށް އަތްދިއްކޮށްލަން ޖެހުނީ ރުހައިލަށެވެ. އެހެންމީހުން ފޭބިގޮތަށް ކުރިއަށް ހިނގައިގަތީއެވެ. ރުހައިލަށް ނައިރާއާ ދައްކާނޭ މާގިނަ ވާހަކަތަކެއް ނޭނގުނެވެ. އެހެންނަމަވެސް ނައިރާ މަސައްކަތްކުރީ ކޮންމެވެސް ވާހަކަތަކެއް ދައްކައިގެން ރުހައިލުގެ ސަމާލުކަން އަތުލުމަށެވެ. އެގޮތުގައި ވެސް މާގިނައިރަކު ރުހައިލު ނުހުއްޓެވެ. ނައިރާއަށް އުނދަގޫވީ ރުހައިލު އޭނާގެ ފޯނު ނަގައިގެން އެހެންކަމަކަށް ސަމާލުކަން ދޭން ފެށުމުންނެވެ.
“ވައިބަރ… ރުހައިލު ވައިބަރ ޔޫސް ކުރާއިރު ކީއްވެތަ އަހަންނަށް ގޮވާނުލަނީ، ކާކާތަ ތި ވާހަކަދައްކަނީ، އަހަރެން ކިހާ ފޫހިވާނެ، ތި ފޯނު ބާއްވާފައި ހިނގާބަލަ މަޖާކޮށްލަން” ނައިރާ، ރުހައިލްއާ ގާތްވެލަމުން އޭނާގެ ފޯނަށް ނަޒަރެއް ހިންގާލާފައި ބުނެލިއެވެ. ނައިރާ ބަލާލުމާއެކު ވަގުތުން ރުހައިލު ފޯނުގެ އިސްކުރީނު ނިއްވާލިއެވެ.
“އޯކޭ… މަޖާކުރަން ކީއްތަކުރަންވީ، މިހާރު މިހިރީ ނައިރާއަށް ހުސްވެގެން” ރުހައިލު ވައިބަރ މެސެޖު ފޮނުވާލާފައި ފޯނު ޖީބަށްލަމުން ބުނެލިއެވެ.
“ރުހައިލު ހާދަ ބޯރިންގވެއްޖެއޭ ދޯ، މިކަހަލަ ތަނަކަށް އައިސް މަޖާކޮށްލާނެގޮތެއް ވެސް ނޭނގޭ، ފަޒަލްގެ ކައިރިން ބައެއްކަންކަން ރުހައިލު ދަސްކުރަން އެބަޖެހޭ، އޭރުންކަންނޭނގެ އެނގޭނީ” ނައިރާ ލާނެތް ބަލާލުމަކުން ރުހައިލަށް ބަލަހައްޓައިގެން ހުރެ ބުނެލިއެވެ. ކުރުހީނލުމަކުން ހީނލުމާއެކު ރުހައިލު އެއްވެސް ޖަވާބެއް ނުދިނެވެ. މައިމަގަށް ނިކުންއިރު އަޅިކުލައިގެ ވޭނެއްގެ ކައިރީ ދެބައި އުމުރުގެ މީހަކު މަޑުކޮށްލައިގެން ހުއްޓެވެ. ރުހައިލު ފެންނައިރަށް އެމީހަކު އަތްހޫރާލަމުން އިޝާރާތްކޮށްލީ އެ ދިމާއަށް އައުމަށެވެ. އެ ވޭނުގައި އެންމެން މަޑުކުރުމަށް ހަމަޖައްސާފައި އޮތް ގެސްޓުހައުސްއަށް ގެންގޮސްދިނެވެ. އަދި ހުރިހާކަމެއްގައި އިސްވެ އުޅުނު ފަޒަލްއަށް ދަތުރެއްކުރަން ބޭނުންވެއްޖެނަމަ އޭނާއަށްގުޅުމަށް ބުނެ ބިޒްނަސް ކާޑު ނަގާ ދިނެވެ. އެ ކާޑު ބަލާލުމުން އެމީހުންނަށް އެއީ މަލީކުގެ އޮފީހުގައި މަސައްކަތްކުރާ ޚާލިދުކަން އެނގުނެވެ.
ވަގުތުދިޔަ ގޮތް ފަޒަލް އާއި ނަޒީފަށް ނޭނގުނު ކަމުގައި ވިޔަސް ރުހައިލާއި ނައިރީ ތިބީ ވަގުތުތައް ދިގުވެފައެވެ. ޚާއްޞަކޮށް ރުހައިލަށެވެ. އޭނާ ބޭނުންވަނީ އަރުފީނު އެތަނުގައި ހުންނާށެވެ. އެތައް ފަހަރަކު އަރުފީނަށް މެސެޖުކޮށް އެތަނަށް އައުމަށް އޭނާ އެދުނެވެ. އެހެންނަމަވެސް އަރުފީނު އެއްބަސްނުވުމުން އޭނާއަށް ހުރެވުނީ ކުޑަކޮށް ހިތްހަމަވެސް ނުޖެހިފައެވެ. ރުހައިލު އުޅޭ ގޮތުން ފަޒަލްއަށް އުނދަގޫވެގެން، އެންމެ ހަވީރު މޫދަށް އެރިގެން އުޅުނު ވަގުތު، ރުކެއްގެ ހިޔަލުގައި އިށީނދެ އިން ރުހައިލުގެ ގާތަށް އޭނާ އައެވެ.
“ކަމޯން ފަޒަލް…” ޚިޔާލަކަށް ގެއްލިފައި އިން ރުހައިލުގެ ގަޔަށް ފަޒަލް ލޮނުތައް ފޮޅާލުމުން ރުހައިލު ބުނެލިއެވެ.
“ކޮންފާޑަކަށްތަ ތިއިންނަނީ، ހީވަނީ ގަދަކަމުން މިތަނަށް ގެނެސްފައި އިން މީހެއްހެން، ނައިރާ ކިހާ ފޫހިވެފައި އެހުންނަނީ، ތިހެން ނީނދެ އާދެބަލަ… ކޮބާތަ މައްސަލައަކީ، އަހަރެން ރުހައިލު ގެނައީ ގަދަކަމުންނެއްނޫން، އަނެއްކާ ނައިރާ ކަހަލަ ރީތިކުއްޖަކު ހުއްޓާ ތިހެން އުޅޭކަށް ވެސް ނުވާނެއެއްނު، މަމީ ރުހައިލުނަމަ އެ އަންހެންކުއްޖާގެ އަތުން ދޫވެސްކޮށްނުލާނަން” ފަޒަލް، ރުހައިލުގެ އަތުގައި ހިފާ ދަމައިގަންނަމުން އޭނާ ކޮޅަށް ނެގިއެވެ.
“އައިއެމް ޓްރައިންގ” އެއްވެސް ރޫހެއްނެތްގޮތަކަށް ރުހައިލު ބުނެލިއެވެ.
“ތިވަރުން އަދި ނުފުދޭނެ، ނައިރާއަކީ މީހަކު ލައިކްނުވާނެ ފަދަ ކުއްޖެއްނޫން، އޭނާގެ އުނި އެއްވެސްކަމެއްނެތް، ރުހައިލު އޭނާއާ ތިހާ ދުރުން ތިއުޅެނީ ކީއްވެކަން އަހަރެން ގާތު ބުނެބަލަ” ރުހައިލު ގޮވައިގެން ހިނގައިގަންނަމުން ފަޒަލް ބުންޏެވެ. އޭރު މޫދުގައި އޮތް މިލާން އެއްގަމަށް އަރައިގެން އާދެއެވެ.
“އައި ލަވް ހަރ….” އިސްތަށަށް ޖަހާލައިގެން ހުރެ ރުހައިލު މަޑުމަޑުން ބުނެލިއެވެ. ފަޒަލްއަށް ކުއްލި ހައިރާންކަމެއް ލިބިގެންދިޔައެވެ.
“ކޮބާ! އަހަރެން ބުނީމެއްނު ނައިރާ ފެނިފައި ގޮތެއްނުވެއެއް ނުދާނެއޭ…” ކުޑަކޮށް ހީނލާފައި ފަޒަލް ބުނެލިއެވެ.
“ނައިރާއެއްނޫނޭ….” ނިކަން އަވަހަށް ރުހައިލު ބުނެލިއެވެ.
“ދެން ކާކު؟ އަރުފީނުތަ؟” ފަޒަލްގެ މޫނުމަތިން ކަންބޮޑުވުން ފެނިގެންދިޔައެވެ. ރުހައިލަށް ނޭނގުނަސް ގޭތެރޭގައި ރޭވިފައި އޮތް ކަންކަމުގެ ހިލަމެއް ފަޒަލްއަށް ވަނީ ވެފައެވެ. އެހެންނަމަވެސް އޭނާ އެ ވާހަކަ ނުބުނަން ހުރީ ރުހައިލަށް ވަރަށް އަވަހަށް އެނގޭނެކަން އެނގޭތީއެވެ. ފަހަރެއްގައި ވެސް ރުހައިލުގެ ނިންމުން އެހެން އެންމެންގެ ނިންމުމާ ޚިލާފުވެދާނެއެކޭ ފަޒަލް ހިޔެއް ނުކުރެއެވެ.
“އާން!… އައި ލަވް ހާ… އައި ރިއަލީ ލަވްހާ، އޭނަ ކޮންމެ ގޮތަކަށް ހުއްޓަސް އޯކޭ، އެހެންމީހުންނަށް ނުފެންނަ ކިތަންމެކަމެއް އަހަންނަށް ފެނިއްޖެ… ފަޒަލް… އައެމް ޓޯޓަލީ އިން ލަވް ވިތްހާ….” ރުހައިލުގެ ފަހު ބަސްކޮޅު އެމީހުންގެ ފަހަތުގައި ފެންބޯން ހުރި މިލާން އިވުމާއެކު ކޮށިއެރިއެވެ. އެއަޑަށް ފަޒަލް އާއި ރުހައިލު އެނބުރި ބަލާލިއެވެ. ފަޒަލް އަވަސްއަވަހަށް އައިސް މިލާންގެ ބުރަކަށީގައި ފިރުމާލިއެވެ.
“އިޓްސް ނަތިންގ” މިލާން މިހެން ބުނެލަމުން ފެންފުޅި ބަހައްޓާފައި ހަލުވިކޮށް މޫދަށް އެރެން ދިޔައެވެ.
“ނައިރާ، އުފާވެރި ޚަބަރެއްދެންތަ؟” މިލާން އައިސް ނައިރާގެ ކޮނޑުގައި ފަހަތުން އެލިގަންނަމުން ބުނެލިއެވެ.
“އަހަންނަށް ވެސް އެނގޭ، ރުހައިލުގެ ފެމެލީ ރާވަމުން ދަނީ އަހަރުމެންގެ ކައިވެނި ކުރަންކަން، މަންމަ އާއި ބައްޕަ އަހަރެންގެ ރުހުން އޮތްތޯ ބެލުމަށް އެ ވާހަކަ އެހި، އަހަރެން ވެސް ބޭނުންވަނި ރުހައިލްއާ މެރީކުރަން، އައެމް ޓޯޓަލީ އިން ލަވް ވިތް ހިމް” ހުވަފެނީގޮތަކަށް މިލާންގެ އަތް ނައްޓުވާލަމުން ފެންމައްޗަށް ނައިރާގެ ހަށިގަނޑު ދަމާލިއެވެ.
“އޭނަ ވެސް ބުނީ ހަމަތިހެން” މިލާން އަވަސްއަރުވާލާފައި ބުނެލިއެވެ. އެހިނދު ނައިރާ ސިހިފައި ލޮނުގަނޑުގެ ތެރެއަށް އަރިއަޅާލިއެވެ. އަޑިއަށް ދިއުމާއެކު ހަމައެބާރުމިނުގައި މައްޗަށް އެރިއެވެ.
“ސީރިއަސްކޮށްތަ؟ ރުހައިލު ހަމަ ބުނިތަ؟ އޭނާ ވެސް އަހަންނާ މެރީކުރަން ބޭނުންވޭ ދޯ…” ނައިރާ އުފަލުން އަހާލިއެވެ.
“ރުހައިލު ބުނީ، އައިއެމް ޓޯޓަލީ އިން ލަވް ވިތް ހަރ އޭ… އޭގެ މާނައަކީ ރުހައިލު ވެސް ނައިރާދެކެ ވަރަށް ލޯބިވެޔޭ، ކުރިން ވެސް އަހަންނަށް އެނގޭ ރުހައިލު ވަރަށް ސިއްރުވެރި ވާނެކަން، ފަޒަލްހެން އޯޕަންއެއްނުވާނެކަން…. އެކަމަކު މިފަހަރު މިއޮތީ ބަސްޓުވެފައި، އަހަރެން އަޑުއެހިން ފަޒަލް ގާތު ރުހައިލު އެހެން ބުނިއަޑު، ލަކީ ޔޫ ނައިރާ… އަވަހަށް މެރީ ކުރަން ރެޑީވާންވީ، ހިތަށް އަރާ ފަޒަލް މެރީކުރަން އަހާނީ ކޮންއިރަކުންބާއޭ، އަހަންނަށް ވެސް ހުރެވެނީއެއްނޫން މެރީ ކުރާހިތުން” ތުއިވެފައި ފެންގަނޑުގައި މިލާން ތަޅައިގަތެވެ.
މޫދުގައި ހުރެފައި ނައިރާ ބަލާލީ އެއްގަމުގައި ފަޒަލްއާ ވާހަކަދައްކަން ހުރި ރުހައިލް އަށެވެ. މިލާންގެ ވާހަކަތަކުން އޭނާއަށް އެނގުނީ ރުހައިލްއަކީ އަންހެންކުއްޖަކާއެކު އެހާ ގާތްކޮށް މީހުންގެ ތެރޭގައި އުޅޭނެ މީހެއް ނޫންކަމެވެ. އެގޮތް ވެސް ނައިރާއަށް ކަމުދިޔައެވެ. އޭނާ ރަނގަޅު ފިރިހެނެއްގައިގާ ހުރުމަށް ކަނޑައަޅާ މިންގަނޑުގެ ތެރޭގައި ހިމެނޭ ސިފައަކަށް ރުހައިލުގެ އެ ސިފަ ވެގެންދިޔައީމައެވެ.
މިލާން އެނބުރި މޫދަށް އެރެން ދިއުމުން ފަޒަލް އަނެއްކާ ވެސް އައިސް ހުއްޓުނީ ރުހައިލުގެ ގާތުގައެވެ. ހައިރާންވެ އަންތަރީސްވެފައި ހުރެ އޭނާ ވާހަކަދައްކަންފެށިއެވެ.
“ތި ކިޔޭ އެއްޗެއް އެބަ އެނގޭތަ؟ އަރުފީނަކީ ގެއަށް ކިޔަވަން ގެނެސްފައި ހުރި ކުއްޖެއް، އެހެންނޫނަސް ނައިރާއާ އަޅާބަލާއިރު އެ އަންހެންކުއްޖާއަކީ އެއްވެސް މީހެއްނޫން، ރީތި އެއްވެސް ސިފައެއް ހުރީއެއްނޫން، ރުހައިލުގެ ކައިރީ އޭނާ ހުންނައިރު ހުންނާނީ ކިހިނެއް؟ މީހުން ކިޔާނީ ކީކޭ؟” ހަޤީޤަތުގައި ފަޒަލްއަށް ބުނާނެ އެއްޗެއް ނޭނގުނެވެ. ރުހައިލު އާއި ނައިރާގެ ކައިވެނި ހަމަޖައްސާފައި އޮތްކަން އޭނާއަށް އެނގުނީ މެހެނާޒުގެ ފަރާތުންނެވެ. އެކަން އެނގިފައި އޮތްކަން ހާމަކުރަން އިތުރަށް ފަޒަލް ޖެހިލުންވިއެވެ.
“އަހަރެންގެ ލޮލުން ބަލައިފިނަމަ ޔަޤީނުން ވެސް ތަފާތު ރީތިކަމެއް ފެންނާނެ، ދުވަހަކު ވެސް ހިތަށް މިހާރު މިވާގޮތެއް ނުވޭ، ނައިރާ ވަރަށް ރީތި، އަހަރެން ވެސް އެކަން ޤަބޫލުކުރަން، އެންމެން ވެސް ނައިރާ ފަދަ ކުއްޖަކު ބޭނުންވާނެކަން އެނގޭ، އެކަމަކު އަހަރެންގެ ހިތް ނައިރާއާ މެދު އެގޮތަށް ނުދެކުމަކީ ކުށެއްކަމުގައި އަހަރެން ނުދެކެން، އޭނާގެ ދިރިއުޅުމަށް އަހަރެން މުހިންމެއްނޫން، އަދި އަހަރެންގެ ދިރިއުޅުމަށް ވެސް ނައިރާ ބޭނުމެއްނުވޭ، މަންމައަށް އަރުފީނު ކަމުދާކަން އަހަންނަށް އެނގޭ، ފަހަރެއްގައި އަހަންނަށް ފެންނަ ތަފާތުކަން މަންމައަށް ވެސް ފެންނަނީ ކަންނޭނގެ، މައްސަލައަކީ ބައްޕަ…. އެހެންވެ ހިތުގައިވާ އެއްޗެއް ފާޅުކުރަން ބިރުގަންނަނީ ވެސް… ފަޒަލް، ތީ އަހަރެންގެ އެންމެ ގާތް އެކުވެރިޔާ، ފަޒަލް، މިލާންދެކެ ލޯބިވާކަން ހާމަކުރުމުން އަހަރެން އެކަމަށް ފާޑެއްނުކިޔަން، އަހަންނަށް އޭރު ލޯބިވުމަކީ ކޮބައިކަމެއް ނޭނގޭ، ފަޒަލްގެ އިހުސާސްތައް ކިޔާދިނަސް އެކަން ދެނެގަންނަން ފަސޭހައެއްނުވި، އެކަމަކު މިހާރު… މިހާރު އަހަންނަށް ވެސް ގޮތްތަކެއް ވާކަން އެނގޭ، އަރުފީނު ފެންނަ ހިސާބުގައި ހުންނަން ބޭނުންވަނީ، އޭނައާ ގާތުން އުޅެން ބޭނުންވަނީ، ދުރަށް ހިނގައިދާނޭތީވެ އަބަދު އެކަމާ ވިސްނެނީ… ހަމަ ތެދެއް މިބުނީ، އަހަރެން އަރުފީނުދެކެ ވަރަށް ލޯބިވޭ، މި ވާހަކަ ބުނަން ހުރީ ހަމައެކަނި މީހަކީ ފަޒަލް، އަހަންނަށް މިކަމުގައި އެހީތެރިވެދީބަލަ، އަހަރެން ބޭނުން އަރުފީނު ގާތު މި ވާހަކަ ބުނަން، އެކަމަކު ވަރަށް ޚާއްޞަކޮށް” ރުހައިލު ފަޒަލްގެ ކޮނޑުގައި އަތްބާއްވާލިއެވެ.
“އެއްވެސް މީހަކަށް ތި ވާހަކަ އަޑުއިވުމުގެ ކުރިން އިހަށް ތިވާހަކަދެއްކުން ހުއްޓާލާ، ގެއަށް ގޮސް ފަހުން ތިކަމާ ވާހަކަދައްކާނީ، އެކަމަކު ބުނަން، ނައިރާ އެ ހުންނަނީ ވަރަށް ފޫހިވެފައި، ރަޙުމަތްތެރިއެއްގެ ގޮތުން އޭނާއާއެކު އުޅެވިދާނެ އެއްނު، މިވަގުތަށް އަރުފީނުގެ ޚިޔާލުތަކާ ދުރުވެ އިންޖޯއިކޮށްލަން އަހަންނަށް ފެންނަނީ، އެތައް އަހަރުތަކަކަށްފަހު ނައިރާ އަހަރުމެންނާއެކު ބައިވެރިވި ފުރަތަމަ ދަތުރު، ރުހައިލު ތިހެން އުޅުމުން އެންމެންގެ ސުވާލުތައް އަމާޒުވާނެ، އޭރުން ކަމަކުނުދާނެ” ފަޒަލްއަށް ރުހައިލުގެ ހާލު ވެސް ވިސްނުނެވެ. އޭނާ އެ ބުނަނީ ތެދުކަން ފަޒަލްއަށް ޤަބޫލުކުރެވެއެވެ. އެހެންވިޔަސް އޭނާ ހާސްވެފައި ހުރީ ރުހައިލު ބޭނުންވާގޮތް ނުވެއްޖެނަމަ ދެންވާނީ ކިހިނެއްބާއޭ ހިތަށް އަރާފައެވެ.
ހަވީރުގެ ވަގުތުގައި އަރުފީނު އުޅުނީ ޝާރުދާ އައުވައްތަރެއްގެ މާގަހެއް ގެނެސްގެން އޭތި ބަގީޗާގައި އިންދުމަށް އެހީތެރިވުމުގައެވެ. އެކަން ނިންމާލާފައި ޝާރުދާ އާއިއެކު ހަވީރުގެ ސައިބުއިމަށް ބަގީޗާ ހައްދާފައި އޮތް ހިސާބުގައި ހުރި މޭޒުގެ ދޮށުގައި އަރުފީނު ވެސް އިނެވެ. ކިޔެވުން ކުރިއަށް ދާގޮތާއި މެދު ޝާރުދާ ވާހަކަދެއްކިއެވެ. މަޑުމަޑުން އިނދެ އަރުފީނު ޖަވާބު ދެމުންދިޔައެވެ. ވާހަކައިގެ ތެރެއިން ޝާރުދާ، ރޭގަނޑުގެ ކެއުމުގައި ބައިވެރިވާ މެހެމާނުގެ ވާހަކަފެށިއެވެ. ޝާރުދާއަށް އެހީތެރިވެލުމަށް އޭނާ އަރުފީނުގެ ގާތުން އެދުނެވެ. އެކަމަކު އަރުފީނުގެ މޫނުމަތިން ފެނިގެންދިޔައީ ތަފާތު އަސަރެކެވެ. ހީވީ ކުއްލިއަކަށް ކަމަކާ ފޫހިވިހެންނެވެ. ހެނދުނު ނައިރާ އާއި އޭނާގެ މައިންބަފައިން ސައިމޭޒު ދޮށުން ފެނުމުން ވެސް އޭނާއަށް އެކަހަލަ ގޮތްތަކެއް ވިއެވެ. ޚާއްޞާކޮށް ނައިރާ، ރުހައިލްއަށް ބަލަން އިންނަގޮތް ފެނިފައި އެއްގޮތަކަށް ވެސް އޭނާ ހިތްހަމައެއް ނުޖެހުނެވެ. ރުހައިލުމެންނާއެކު ދަތުރު ދާން ބޭނުންވިޔަސް އެކަން ކުރަން ނުކެރުނީ މަލީކު އަރުފީނުގެ ހަރަކާތްތަކަށް އަބަދު ފާރަލާހެން އޭނާއަށް ހީވެފައި އޮތީމައެވެ. ޝާރުދާގެ ފަރާތުންނާއި ރުހައިލުގެ ފަރާތުން ވެސް އަރުފީނަށް އެނގިފައި އޮތް ގޮތުގައި ރުހައިލު، އަރުފީނާ ވާހަކަދެއްކުމަކީ މަލީކު ހިތްހަމަޖެހޭ ކަމެއް ނޫނެވެ. ޚާއްޞަކޮށް ރުހައިލު، އެގޭގެ ގުދަނުގައި އަރުފީނު ބަންދުކުރިފަހުންނެވެ. އެއްގޮތަކަށް ވެސް މަލީކުގެ ހިތުގައި އޮތީ ކީކޭކަމެއް އަރުފީނަކަށް ނޭނގެއެވެ. ބައެއްފަހަރު އޭނާއަށް ވިސްނެނީ، މަލީކު ކަންބޮޑުވަނީ ރުހައިލުގެ ފަރާތުން އަނެއްކާ ވެސް ގޯނާއެއް އަރުފީނަށް ފޯރަފާނޭތީކަމުގައެވެ. ދުރުގައި ހުރުމަށް އެންގީ އެހެންވެކަމަށް ވުން ގާތް ކަމުގައި އަރުފީނަށް ހީކުރެވެއެވެ. ނަމަވެސް ނައިރާ ފެނުނު ފަހުން އަރުފީނުގެ ހިތަށް ބުނެދޭންނޭނގޭ އުނދަގޫތަކެއް ކުރެވެންފަށައިފިއެވެ.
މަޢްރިބު ނަމާދަށް ޝާރުދާ އެތެރެއަށް ވަނުމުން އަރުފީނު ވެސް އައިސް ވަނީ އޭނާގެ ކޮޓަރިއަށެވެ. ހިތް ހަމަޖައްސާލުމަށްޓަކައި އޭނާ ވެސް އަވަސްވެގަތީ ނަމާދަށް އެރުމަށެވެ. އަޅުކަމުގައި އިޝާ ނަމާދު ވަގުތުޖެހެން ދެން އޭނާ އިނެވެ. އަދި އިޝާ ނަމާދުކޮށްލައިގެން ފައިބާ ރުހައިލުގެ ޚިޔާލުތަކާ ދުރުވެލުމުގެ ބޭނުމުގައި އަރުފީނު އައިސް އެނދުގައި އޮށޯވެލަމުން ސޮފޫރާއަށް ގުޅިއެވެ. ސޮފޫރާގެ އަޑު ކަންފަތުގައި ޖެހުމުން ވެސް އަރުފީނަށް ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ލިބިގެން ދިޔަ ކަހަލައެވެ. އަވަސް އަވަހަށް ދައްތައާ ވާހަކަދައްކަން ފެށިއެވެ.
“ކަމެއްވެފަތަ ތިހުރީ” ސޮފޫރާ އަހާލިއެވެ.
“ނޫން، ކިހިނެއްވީ” ސޮފޫރާއަށް އަރުފީނުގެ އެވަގުތުގެ ހާލަތު އެނގުނީތީ އޭނާ ހައިރާންވިއެވެ.
“އެކަމަކު ކޮއްކޮގެ އަޑުން ހީވަނީ ކޮންމެވެސް ކަމެއް ވެއްޖެހެން، ހާދަ ފޫހިވެފައި ހުރިހެން ވެސް ހީވެޔޭ، ބުނެބަލަ… ކިހިނެއްވީ؟” ސޮފޫރާއަށް އަރުފީނު ނުފެނުނު ކަމުގައި ވިޔަސް އެ ދެއްކީ ތެދުވާހަކަކަން އަރުފީނަށް އެނގެއެވެ. އެހެންނަމަވެސް އެކަމާ އޭނާ އެއްބަސްވާކަށް ބޭނުމެއްނޫނެވެ. ހަޤީޤަތުގައި ހިތުގައި އުފެދިފައިވާ އޮއިވަރުގެ އަސަރު އެހެން މީހަކާ ޚިއްޞާ ކުރަން އަރުފީނު ބޭނުންނުވަނީއެވެ.
“ކަމެއްނުވޭ، ތީ ސޮފޫދައްތައަށް ހީވިގޮތެއް” އަރުފީނު ބުނެލިއެވެ. އޭރު ސޮފޫރާ ވެސް މަސައްކަތް ކުރަމުން ދިޔައީ ޝާންގެ ސަބަބުން ލިބިފައިވާ ނުތަނަވަސްކަން އަރުފީނަށް ފޮރުވާށެވެ.
“އާނ! އެނގިއްޖެ، ފެމެލީ މަތިން މިސްވަނީ ދޯ، އެހެންވާނެ، ދުވަސްކޮޅަކު އެކުގައި އުޅެލާފައި ދިޔައިމަ ދެން ވަރަށް ހަނދާންވާނެ، އެހެންވެ މިގަޑީގަ ތިގުޅީ” ސޮފޫރާ މިހެން ބުނެލުމާއެކު އަރުފީނު ވެސް ވަރަށް އަވަހަށް އެއްބަސްވެލިއެވެ.
ރުހައިލުމެން އެނބުރި ގެއަށް އައިއިރު ކާކޮޓަރީގެ މޭޒުމަތީ ތަށިތައް އެތުރުމުގައި ޝާރުދާއަށް އެހީވާން އަރުފީނު އުޅެއެވެ. ވަރުޝާ އެކި ބާވަތްބާވަތުގެ ކާއެއްޗެހި ތަށިތަކަށް އަޅައިގެން ގެނެސް އަތުރަމުން ދިޔައެވެ. ޝާރުދާގެ ނަޒަރު ހުރީ ހުރިހާ ކަމަކަށް އަމާޒުވެފައެވެ. ގޭތެރެ އަޑުގަދަވުމާއެކު ރުހައިލުމެން އައީކަން އެ މީހުން ނުފެންނަނީސް ޝާރުދާއަށް އެނގިއްޖެއެވެ.
“އެއައީ، އަރުފީނު ވެސް ކާން ތައްޔާރުވެލަންވީނު، މިހާރު ހުރިހާ ކަމެއް ވެސް ނިމިއްޖެއެއްނު” ހިނިއައިސްފައި ހުރި ޝާރުދާ ބުނެލިއެވެ.
ކާކޮޓަރިތެރެއަށް ވަދެގެން އައި ރުހައިލުގެ ގައިގާ ޖެހޭ ނުޖެހޭ ހިސާބުގައި ނައިރާހުއްޓެވެ. އަރުފީނު ފެނުމާއެކު ރުހައިލުގެ މޫނުމަތި އުޖާލާވެގެން ދިޔަކަހަލައެވެ. ހިނިތުންވެލިގޮތަށް އަރުފީނާ ދިމާއަށް ހިނގައިގަތެވެ. އަރުފީނަށް ވެސް ހިނިތުންވެލުމާއެކު އިސްޖަހާލެވުނެވެ.
“މަންމާ! ބައްޕަ ގޭގައި އުޅުއްވާތޯ” ބޮޑުކޮޓަރިތެރެއިން މަލީކު ނުފެނުމުން ރުހައިލު ޔަޤީންކޮށްލިއެވެ.
“ނޫން! ކިހިނެއްވީ؟” ޝާރުދާ ދަރިފުޅަށް ސަމާލުކަން ދިނެވެ.
“ކަމެއްނުވޭ، އާންމުކޮށް ބައްޕަ މިގަޑީގައި އިންނަވާނީ ޓީވީ ބަލަން، މިރޭ ނެތީމަ އަހާލީ” ރުހައިލު މިހެން އަވަސްވެގަތީ އަރުފީނުގެ ގާތަށް ދިއުމަށެވެ.
ކޭމޭޒު ދޮށުގައި އެންމެން އިށީން އިރު މޭޒުގެ ކޮޅުގައި ޝާރުދާއިނެވެ. އޭނާގެ ކަނާތްފަރާތުގައި އެންމެ ފުރަތަމަ އިނީ ނައިރާއެވެ. އޭނާއާ ޖެހިގެން އިނީ ރުހައިލު އާއި އަރުފީނެވެ. އެމީހުންނާ ކުރިމަތިވާގޮތަށް ތިބީ ފަޒަލް އާއި ނަޒީފުގެ އިތުރުން ރިއާ އެވެ. ދަތުރު ދިޔައީ ކިހިނެއްތޯ ޝާރުދާ އަހަންފެށިއެވެ. ކާން ފަށަމުން އެންމެން އެއްފަހަރާ ކަހަލަ ގޮތަކަށް ވާހަކަދައްކަން ފެށިއެވެ. އެހެންނަމަވެސް އަރުފީނު އިނީ ވަރަށް މަޑުމަޑުންނެވެ. ކަނީ ވެސް އެކަމާ ގަޔާނުވާ ކަހަލަ ގޮތަކަށެވެ. ލޮލުގެ ހިމަކޮޅުން ރުހައިލު ދޭތެރެއަކުން އަރުފީނަށް ބަލާލައެވެ. އެންމެހުން ނީނދެވިގެން ސިއްރުން އަރުފީނުގެ އަތުގައި ހިފިއެވެ. ނަމަވެސް ރުހައިލު އީނީ ޝާރުދާއާ ވީ ފަރާތަށް މޫނު އަނބުރާލައިގެންނެވެ. އަރުފީނަށް ރުހައިލުގެ އަތުގެ ތެރެއިން އަތްދަމައިގަންނާކަށް ނުކުރުނެވެ. އެހެންނަމަވެސް މަޑުމަޑުން އަތްތަޅުވާލީ ރުހައިލު ދޫކޮށްލާނެ ކަމަށެވެ. ކައިނިމެންދެން ކަހަލަ ގޮތަކަށް ރުހައިލު އިނީ އަރުފީނުގެ އަތްތިލާގައި ހިފާލައިގެންނެވެ. އެހެންއިން އިރު ދޭތެރެއަކުން އޭނާގެ އަތުގެ އިނގިލިތަކަށް މަހާލެވިފައިވާ އަރުފީނުގެ އަތްތިލައަށް ބާރުކޮށްލައެވެ. އެފަދަ ކޮންމެ ހިނދުކޮޅެއްގައި އަރުފީނުގެ ނޭވާ ހުއްޓުމަކަށް އާދެއެވެ. ސަމްސަލުން ކާއެތިކޮޅު އަނގަޔަށްލުން ވެސް ބުރަކަމަށް ވެގެންދެއެވެ. ރުހައިލު ހީނހީފައި ވާހަކަދައްކާއިރު އެކަކަށް ވެސް އޭނާ އިނީ އަރުފީނުގެ އަތުގައި ހިފައިގެންކަމެއް ނޭނގެއެވެ. ޚުދު ރުހައިލު ވެސް އެއީ ބޮޑުކަމެއް ކަމުގައި ނުދެކެއެވެ. މީހަކަށް ފެނިދާނެތީ އަރުފީނު އިނީ ހާސްވާގޮތްވެފައެވެ. ނިތްކުރިން ދާތިކި ފާޅުވަމުންދިޔައެވެ. އެގޮތަށް ނީނދެވިގެން އަރުފީނު ތެދުވިއެވެ. ހަމަތެދުވުމާއެކު ރުހައިލު އޭނާއަށް ބަލާލަމުން އަވަހަށް އަތުން ދޫކޮށްލިއެވެ.
“ނިމުނީތަ؟” ޝާރުދާ އަހާލިއެވެ. އަރުފީނު އަވަސް އަވަހަށް ބޯޖަހާލަމުން އެތަނުން ނިކުމެގެން ދިޔައެވެ. ސުވާލުގެ ނަޒަރަކުން ރުހައިލު ބަލަން އިންދާ ނައިރާ އޭނާގެ އަތުގައި އަތްޖައްސާލުމުން އެނބުރެވުނެވެ.
“ރުހައިލު ދާނަން ދޯ އަޅުގަނޑު ގެއަށްލާން ފާރޫޤުބެ ދާއިރު” ޝާރުދާއަށާއި ރުހައިލަށް ބަލާލަމުން ނައިރާ ބުނެލިއެވެ.
“ކާރުގައެއްނު ދަނީ، އެހެންވީމަ ނައިރާއަށް ބޮޑީގާޑެއް ބޭނުމެއްނުވާނެއެއްނު” އަވަސް އަވަހަށް ރުހައިލު ބުނެލިއެވެ.
“ސާބަސް ދަރިފުޅަށް، އެވަރުކަމެއްތަ އެއީ ނައިރާ ގޮވައިގެން ދިޔައްޔާ، މީ ވަރަށް ކަންފަސޭހަ ދަރިއެއް، މިހާރު ބުނެފިން އަންހެންކުދިން ކަމަކު ބުނީމަ އެކަމެއް ކޮށްދޭންވާނެއޭ” ޝާރުދާ ފާޑުކިޔެވެ.
“އޯކޭ މަންމާ، އަޅުގަނޑު ދާނަމޭ…” ޝާރުދާ ބުނުމުން ވަގުތުން ރުހައިލު އެއްބަސްވިއެވެ. އެކަމާ ނައިރާ އިނީ ވަރަށް އުފަލުންނެވެ.
އެންމެން އެކި ދިމަދިމާއަށް ގޮސް ގެއްލެންފެށިއެވެ. ރުހައިލު ހުރީ އަރުފީނުގެ ގާތަށް ދާން ބޭނުންވެފައެވެ. އޭނާއާ ބައްދަލުކޮށް ވާހަކަދައްކާލަން ބޭނުންވެފައެވެ. އެހެންވެ އޭނާ އިނީ ނައިރާ ގެއަށް ނުގޮސްގެން އުނދަގޫވެފައެވެ. ހާމަފެންޑާގެ އުނދޯލީގައި ނައިރާ އިށީންގޮތަށް އެކިއެކި ވާހަކަތައް ދައްކަމުންދިޔައެވެ. ޚާއްޞަކޮށް ކުޑައިރު ރުހައިލާއެކު ހޭދަވެފައި ހުރި ދުވަސްތަކުގެ ހަނދާންތަކެވެ. އޭރު އެކުގައި އުޅުނު ރުހައިލު ސިފަވި ގޮތާއި މިހާރު ފެންނަ ރުހައިލު ހާސްބައި ތަފާތުވާން ޖެހުނު ސަބަބާމެދު ނައިރާ ސުވާލުކުރިއެވެ. އެހެންނަމަވެސް ރުހައިލު ހުރީ ރެއިލިންގައި ދެއަތުން ހިފަހައްޓާލައިގެން ނައިރާއަށް ފުރަގަސްދީގެން ދުރަށް ނަޒަރުހުއްޓާލައިގެންނެވެ. އުނދޯލިން ތެދުވެގެން އައިސް ނައިރާ މަޑުކޮށްލީ ރުހައިލާ ދާދި ގާތުގައެވެ.
“ކީއްވެތަ ތިހާ ތަފާތީ، ކުރީގައި ފެނުނު ރުހައިލަށް މިހާ ބޮޑު ތަފާތެއް އައިސްފައި ހުރެދާނެ ކަމަކަށް އެއްފަހަރު ވެސް ހީނުކުރަން، ރުހައިލު… އަހަންނާ ވާހަކަދައްކަބަލަ” ނައިރާ، ރުހައިލުގެ އަތުގައި ހިފާލިއެވެ. އެއާއެކު ރުހައިލު ނައިރާއާ ދިމާއަށް އެނބުރިލަމުން ހިނިތުންވެލިއެވެ.
“ތި ދައްކަނީ ކުޑައިރުގެ ވާހަކައެއްނު، ނައިރާ ވެސް އޭރު އުޅުނު ހެން ނޫޅެމެއްނު، އޭރު ހުރި ބޮޑު ދެ ކޯ ވެސް މިހާރު ނެތެއްނު” ހީނލާފައި ރުހައިލު، ނައިރާގެ ދަތްދޮޅީގައި ހިފާ މޫނު ތަޅުވާލާފައި ހިނގައިގަތީ ނައިރާއާ ދުރަށެވެ. އެހެންނަމަވެސް އޭނާއަށް ހުއްޓެވުނީ ހާމަފެންޑާއަށް ނިކުމެން ހުރި ދޮރު މަތީ އަރުފީނު ހުއްޓުން އަރާފައި ހުރިތަން ފެނިފައެވެ.
“އަރުފީން….” ރުހައިލަށް ގޮވާލެވުނެވެ. އަރުފީނު އަވަސްވެގަތީ އެނބުރި ތިރިއަށް ދިއުމަށެވެ. ހަމައެވަގުތު ނިކަން ހަލުވިކޮށް އައި ރުހައިލު އަރުފީނުގެ އަތުގައި ހިފާ ހިފެހެއްޓިއެވެ. ހައިރާންކަން ލިބިފައި ނައިރާ ބަލަންހުއްޓެވެ. އަރުފީނު ކަންބޮޑުވެފައި ރުހައިލުގެ މޫނަށް ބަލާލުމުގެ ބަދަލުގައި އޭނާއަށް ބަލާލެވުނީ ނައިރާއަށެވެ. ރުހައިލަށް ވެސް އެތަނުގައި ނައިރާ ހުރިކަން އިހުސާސްވީ ދެނެވެ.
“ނައިރާ، މީ… މީ އަރުފީން…” ރުހައިލު އޭނާގެ ހިތުގެ އިހުސާސްތައް އޮއްބާލަމުން ބުނެލިއެވެ. އެއާއެކު ވަގުތުން ނައިރާގެ މޫނުމަތީގައިވި ހައިރާންކަން ފިލާ ދިޔައެވެ. އަދި އަރުފީނަށް ބަލާލަމުން ހިނިތުންވެލިއެވެ.
“ހެލޯ…. އަހަރުމެން ދެމީހުން އެކި ފަހަރު މަތިން މިގެއިން ބައްދަލުވެއްޖެ ދޯ، އެކަމަކު އޮފިޝަލީ އަދި އިންޓްރޮޑިއުސް ނުވެވޭ” ހިނިތުންވެލައިގެން ހުރެ ރުހައިލުގެ ގާތަށް އައިސް ހުއްޓިލި ނައިރާ، އަރުފީނާ ސަލާމްކޮށްލުމަށް އަތްދިއްކޮށްލިއެވެ. ހާސްވެފައި ހުރެ އަރުފީނު، ނައިރާއާ ސަލާމްކޮށްލަމުން ގަދަކަމުން ހިނިތުންވެވޭތޯ ބެލިއެވެ.
“ނައު ވީ އަރ ފްރެންޑްސް” ނައިރާ ގާތް ގޮތަކަށް އަރުފީނާ ސަލާމްކޮށްލަމުން ބުނެލިއެވެ. އަރުފީނު މަޑުމަޑުން ބޯޖަހާލިއެވެ.
“ނައިރާ، ގެއަށް ދާކަށް ނުވޭތަ؟ ފާރޫޤުބެ ވެސް ކާރު ވައްދާފައި ނިދަން ދާން ޖެހޭނެއެއްނު” ރުހައިލު ބުނެލިއެވެ. އޭރު ވެސް އޭނާ ހުރީ އަރުފީނުގެ އަތުގައި ހިފައިގެންނެވެ. އެގޮތް ނައިރާއަކަށް ކަމަކު ނުދިޔައެވެ.
“ދާންވީ ދާން، އެކަމަކު މާދަމާ ވެސް އަންނާނަން އުނދަގޫކުރަން، ކީއްވެ އުނދަގޫ ނުކުރަންވީ ދޯ އަރުފީނު، ކުޑައިރު އެންމެ އެއްކޮށް އުޅުނު އެކުވެރިޔާ މިހާރު އުޅެނީ މާ ދުރުދުރުން، އެހެންވީމަ ގިނަގިނައިން އުނދަގޫ ކުރީމަ ހަނދާންނުނެތޭނީ” ވާހަކަދައްކަމުން ނައިރާ އައިސް ރުހައިލުގެ އަތުގައި ހިފާ ދަމާލަމުން އަރުފީނުގެ އަތުން ރުހައިލުގެ އަތް ނައްޓުވާލިއެވެ. އަދި ގާތް ގޮތަކަށް އެއަތުގައި ހިފާލާފައި ދަމާލަމުން އެތަނުން ދިއުމަށް ނައިރާ އުޅުނެވެ. އަނގައިން ނުބުނެ އަރުފީނު ހުރިގޮތަށް ހުރީއެވެ. ރުހައިލު، ނައިރާއާއެކު އެތަނުން ދިޔައެވެ.
އެރޭ އަރުފީނުގެ ހިތަށް މާބޮޑަށް އުނދަގޫވިއެވެ. ރުހައިލްއާމެދު އެހާ ގާތްކޮށް ދެކެވުމަކީ ގޯހެއްކަމުގައި ސިކުނޑި ވިސްނައިދޭން މަސައްކަތްފެށިއެވެ. އެހެންނަމަވެސް ހިތުގެ އަޑު މާ ގަދައެވެ. އެހެންވުމުގެ ސަބަބުން ސިކުނޑިން ބުނަމުންދިޔަ އެއްވެސް ވާހަކައެއް އަޑުއެހޭ ގޮތެއް ނުވިއެވެ. ރުހައިލު އައިސް އެރޭ ފަހުން ގުޅުމުން ވެސް އަރުފީނު ފޯނަށް ޖަވާބެއް ނުދިނެވެ. އެތައް މެސެޖެއް ކުރުމުން ވެސް ޖަވާބެއް ނުދިނެވެ. ފަތިސްވަންދެން ހޭލާ އޮތް އިރު އަރުފީނަށް ރުހައިލު ނޫން މީހަކާ މެދު ނުވިސްނުނެވެ. ދަންވަރު ދެމީހުން ބައްދަލުކުރުމަކީ ރަނގަޅުކަމެއް ނޫންކަމުގައި އަރުފީނަށް ވިސްނުނީ މާފަހުންނެވެ. ހިތްއެކުގައި ރުހައިލުގެ މައްޗަށް ލެނބުނުފަހުންނެވެ.
* * * *
އަރުފީނަށް ވެސް ބަދަލުތަކެއް އަތުވެއްޖެކަން ރުހައިލަށް އެނގުނެވެ. ދެމީހުންގެ ދެމެދުގައި އޮތް ގުޅުމަށް އެކުވެރިކަމުން ނަންދިނަސް، މިހާރު އެ ދެމެދުގައި އޮތީ އެކުވެރިކަމަށްވުރެ މާ ގާތް ގުޅުމެއް އުފެދިފައިކަން ރުހައިލަށް އެނގެއެވެ. އަރުފީނުގެ ކޮންމެ ބަލާލުމަކުން ރުހައިލު ބޭނުންވާ ޖަވާބު ލިބެއެވެ. ބައެއްފަހަރު އަރުފީނު ދުރަށްދާން މަސައްކަތްކުރި ނަމަވެސް ރުހައިލު ގަދަ ހަދާލުމުން އެންމެފަހުން އަރުފީނަށް ޖެހެނީ ދޫކޮށްލާށެވެ. ރުހައިލުއާ ބައްދަލުނުކޮށް ހުރުމަކީ އަރުފީނަށް ވެސް ކުރެވޭވަރު ކަމަކަށް ނުވިއެވެ. ހަމައެއާއެކު ނައިރާ އާއި ރުހައިލާ ދެމެދު އޮތް ރަޙުމަތްތެރިކަމުގެ ގުޅުން ބަދަހިވަމުންދިޔައެވެ. އަރުފީނާ، ނައިރާ ވާހަކަދައްކަނީ އެކުވެރިއެއްގެ ގޮތުންނެވެ. ރުހައިލު އެގޮތަކަށް ދުށީތީއެވެ. ނައިރާއަކީ ހިތްހެޔޮ މީހެއްގެ ގޮތުގައި އަރުފީނަށް ފާހަގަކުރެވުނެވެ. ލިބިފައިވާ ރީތިކަމާ އެއްވަރަށް އޭނާގެ އަހުލާގު ވެސް އެހާ ރަނގަޅެވެ. ބޮޑާކަމާއި ކިބުރުވެރިކަން ނައިރާގެ ފަރާތުން އަރުފީނަށް ފާހަގައެއް ނުކުރެވުނެވެ. އެހެންނަމަވެސް ނައިރާ ކަންބޮޑުވާކަމެއް އޮތެވެ. އެއީ ފަހުން ފަހުން އައިސް ރުހައިލާ ބައްދަލުވާ ކޮންމެ ގަޑިއަކު އޭނާ އަރުފީނު ގެންނާތީއެވެ. ރުހައިލާއެކު ނައިރާ އެކަނިވެލަން ބޭނުންވިޔަސް އެ ފުރުޞަތު ރުހައިލު ނުދޭތީއެވެ. އަރުފީނުގެ މަޑުމައިތިރި މިޒާޖުގެ ސަބަބުން އެ ފަދަ ވާހަކައެއް އޭނާގެ ގާތުގައި ދެއްކުން ނައިރާއަށް ފަސޭހައެއްނުވިއެވެ. އެހެންވެ އޭނާ ހުރިހާ ވާހަކައެއް ކިޔައިދޭނެ މީހަކަށް ޚިޔާރު ކުރީ މިލާންއެވެ.
ފަޒަލްގެ ފަރާތުން ހަޤީޤަތް އެނގުމުން މިލާން ހުރީ ދޫބަންދުވެފައެވެ. ނައިރާދެކެ ރުހައިލު ލޯބިނުވާކަން އެނގުނެއްކަމަކު އެކަން ހާމަކުރާކަށް ނުކެރުނެވެ. ލަފާ ދެވެނީ މުޅިން ވެސް ނައިރާ ހިތްހަމަޖެހޭނޭ ގޮތަށެވެ. ރުހައިލު އާއި އަރުފީނު ދުރުކުރެވޭނޭ ފަދަ މޮޅެތި ޚިޔާލުތަކެވެ. ރުހައިލްއަކީ ފަޒަލްގެ އެންމެ ގާތް އެކުވެރިޔާއެއްކަމަކު މިވަގުތު މިލާންއަށް އެ ނޫންގޮތެއް ނެތީއެވެ. އެހެންވެ ބޭނުންވީ ނައިރާއަށް އެހީތެރިވާށެވެ.
ޝުޢައިބްއާ ހަމައަށް ކައިވެނީގެ ވާހަކަ ފަޒަލް ގެންދިއައެވެ. މިލާން އާއި އިންނަން ބޭނުންވާކަމެވެ. އެކަމާ ޝުޢައިބު ދެކޮޅު ނުހެދި ނަމަވެސް މެހެނާޒަށް މިލާން ކަމަކު ނުދިޔައެވެ. އާދައިގެ ޢާއިލާއަކުން އައިސްފައި ހުރި ކުއްޖަކަށް ވީމައެވެ. އަތުގައި ފައިސާ ނެތީމައެވެ. ފަޒަލް ވަރަށް ބޮޑަށް އޭނާގެ މަންމަދެކެ ހިތްހަމަނުޖެހުނެވެ. އެކަމުގައި ދެބަސްވުންތަކެއް ވެސް ހިނގިއެވެ. އެކަން ފޫބެއްދީ ޝުޢައިބެވެ. އޭނާގެ ނިންމުން އިއްވުމާއެކު މެހެނާޒަށް އިތުރަށް ދެކޮޅު ހަދަން ނުކެރުނީއެވެ. ޝުޢައިބު ހިތްހަމަނުޖެހިފައި ހުރުމާ ވެސް އެކުއެވެ.
“ނަސީބެއްތޯއްޗެ ބަލާލަން ރީތިކަން، އެހެންވީމަ ޝުޢައިބު ބުނީމާ ޤަބޫލުވެވުނީ ވެސް” ޝާރުދާގެ ގާތުގައި ހުރިހާ ވާހަކައެއް ދައްކަން އިނދެފައި މެހެނާޒު ބުނެލިއެވެ.
މަލީކު ނިންމީ ފަޒަލް އާއި ރުހައިލުގެ ކައިވެނި އެކީގައި ބޭއްވުމަށެވެ. އެގޮތުން ރޭގަނޑުގެ ކެއުމަކަށް އެންމެންނަށް ދަޢުވަތު އެރުވުނެވެ. އެރޭގެ މޭޒު ދޮށުން އަރުފީނެއް ނުފެނުނެވެ. އެކަމާ ހިތްހަމަނުޖެހުނެއް ކަމަކު ރުހައިލު އެއްޗެއް ނުބުނެ މަޑުމަޑުން އިނެވެ. އޭރު ހާސްވެފައި އިނދެ ފަޒަލްއަށް ހަމަ ބެލެނީ ރުހައިލަށެވެ. އޭނާގެ ހިތް އެނގޭތީއާ މަލީކު ހާމަކުރަން އުޅޭ ވާހަކަ ރުހައިލަށް އަޑުއިވުމުން ދެންވާނޭ ގޮތަކާމެދު ވިސްނާލާފައެވެ.
“ރުހައިލު، ބައްޕަ އާއި މަންމަގެ އެއްވެސް ނިންމުމަކާ ދަރިފުޅު ދެކޮޅު ހަދާފައެއް މިހާތަނަށްނެތް، އެހެންވީމަ އެނގޭ ބައްޕަމެން ނިންމާ ނިންމުމަކަށް ދަރިފުޅު ރުހި ޤަބޫލުވާނޭކަން” ހިނިއައިސްފައި އިނދެ މަލީކު ބުނެލިއެވެ.
“އަޅުގަނޑަކަށް އަދި ނުވިސްނުނު” ފަޒަލް ނޫން އެންމެންގެ މޫނުމަތިން ފާޅުވަމުން ދިޔަ ހިނިތުންވުމުން ދެނެގަންނަވީ ކީކޭކަމެއް ރުހައިލަކަށް ނޭނގުނެވެ.
“ބައްޕަ އާއި މަންމަ ނިންމައިފިން ނައިރާ އެއްކޮށް މިގެއަށް ގެންނަން” މަލީކު ބުނެލިއެވެ.
“މިހާރު ވެސް ނައިރާ ގިނަ ވަގުތު އުޅެނީ މިގޭގައެއްނޫންތޯ” ރުހައިލު ސަކަ ގޮތަކަށް ހީނލިއެވެ. އެހިނދު މޭޒު ދޮށުގައި ތިބި އެންމެން ހީނގަތެވެ. ނަމަވެސް ފަޒަލްއެއް ނުހެއެވެ. އެކަން ރުހައިލަށް ފާހަގަވިއެވެ. އެއާއެކު ކިހިނެއްތޯ ވީ އަހާލާ ފަދަ ގޮތަކަށް ރުހައިލު އޭނާގެ ލޮލުން އިޝާރާތްކޮށްލިއެވެ. ފަޒަލް އަނގައިން ނުބުނެ އިސްޖަހާލި ގޮތުން ރުހައިލަށް ހާސްކަމެއް ލިބިގެން ދިޔައެވެ. އަދި އަވަސް އަވަހަށް އެންމެންގެ މޫނުތަކަށް ބަލަންފެށިއެވެ.
“ރުހައިލު ވަރަށް ލާނެތްވާނެ، ނޭނގިގެންނެއްނޫނޭ އެ ހުރިހާ އެއްޗެއް އެކިޔަނީ” ހިނިއައިސްފައި އިނދެ ޝާރުދާ ބުނެލިއެވެ.
“ދަރިފުޅާ، ނައިރާގެ މައިންބަފައިންގެ ރުހުމާއެކު އޭނާގެ ކައިވެނި ދަރިފުޅާ ކުރާ ގޮތަށް ބައްޕަމެން ހަމަޖައްސައިފިން” މަލީކު މިހެން ބުނުމާއެކު، ޝާރުދާ އޭނާގެ ގާތުގައި އިން ރުހައިލުގެ ކޮނޑުގައި ފިރުމާލިއެވެ.
“ދަރިފުޅު ޤަބޫލު ދޯ، މަންމަ މިހާރު ނައިރާ މިގެއަށް ނުގެނެވިގެން ލަސްވެފައި މިހުންނަނީ، ނައިރާ އައީމަ ގޭތެރެ ވަރަށް ފަޅުފިލާނެ” ޝާރުދާ އޯގާތެރި ބަލާލުމަކުން ރުހައިލަށް ބަލަން އިނދެ ބުނެލިއެވެ.
ރުހައިލުގެ ވައިނޮޅީގައި ނޭވާ ތާށިވިކަހަލައެވެ. އިސްތަށަށް ޖަހާލީ މޫނަށް ވެރިވެގަތް ކުލަވަރު ފޮރުވާލުމަށެވެ. ދަތްތައް ބާރުކޮށްލެވުނީ އަނގައިގާވާ ދޫ އޭގެ އަމިއްލަ ޒާތުގައި ހަރަކާތެއްކޮށްފާނެކަމަށެވެ. އަތުގައި އޮތް އުލާއި ސަމްސަލަށް ބާރުކޮށްލެވުނު ވަރުން ހީވީ އެވެސް ބަނޑިކޮށްލަން އުޅޭނީހެންނެވެ. އަނގައިން ނުބުނެ އިންނަން ފެށުމުން ޝުޢައިބު ދިމާކޮށްލިއެވެ. ރުހައިލުގެ ހަމަހިމޭންކަން އޭނާގެ ލަދުރަކިކަން ކަމުގައި ޝުޢައިބު ފާހަގަކުރިއެވެ. އެއާއެކު އަނެއްކާ ވެސް އުފާވެރިކަމުގެ ހުނުމުގެ އަޑުން ކާކޮޓަރިތެރެ ގުގުމާލިއެވެ.
“ރުހައިލު، ބައްޕަމެންގެ މި ނިންމުން ރަނގަޅުތަ؟ ޖަވާބުދީބަލަ” މަލީކުގެ އަޑު އިވުމުން ރުހައިލު ބަލާލިއެވެ. އަދި މަލީކުއާ ހަތަރުކަޅި ހަމަކޮށްލައިގެން އެތެރެހަށީގައި ނޭވާ ހިފަހައްޓާލައިގެން އިނދެ އޭނާ މަޑުމަޑުން ބޯޖަހާލީ އެއްބަސްވުމުގެ ގޮތުންނެވެ.
ކުއްލިއަކަށް ހިމޭންވުމާއެކު އިސްޖެހުނު ރުހައިލުގެ އިހުސާސްތައް އެނގުނު މީހަކީ ހަމައެކަނި ފަޒަލް ކަހަލައެވެ. އޭނާ ވެސް އިނީ ރުހައިލަށް ނަޒަރު ހުއްޓާލި ގޮތަށް އިތުރުކަމެއް ކުރަން ހަނދާންނެތިފައި އިން ހެނެވެ. ހަމައެއާއެކު ރުހައިލުގެ ހިތުގެ އެދުން އެނގޭ މީހަކީ ވެސް ޚުދު ފަޒަލްއެވެ. އެހެންވެ އެހެން މީހުންގެ އުފަލުގައި ބައިވެރިވުން އުނދަގޫވީއެވެ. ހީނލަމުން ގާތުގައި އިން ނައިރާ، ރުހައިލުގެ އަތުގައި އަތް ބާއްވާލުމާއެކު ރުހައިލު އަވަސް އަވަހަށް އޭނާގެ އަތް ތިރިކޮށްލިއެވެ. ހިތްހަމަނުޖެހިފައި އިން މީހަކު ފަދައިންނެވެ. މާގިނައިރަކު އެތަނުގައި އިންނަން ރުހައިލަށް ކެތްނުވީ ކަހަލައެވެ. އެންމެން ކާމޭޒު ދޮށުން ނުތެދުވަނީސް އޭނާ ތެދުވެއްޖެއެވެ. ފޯނެއް އަންނަ ކަމަށް ހެދިގެން މަލީކުގެ ގާތުން ހުއްދަ އެހުމާއެކު ކާކޮޓަރިން ނިކުތެވެ. އެންމެން ނުފެންނަ ހިސާބަށް އާދެވުމާއެކު ރުހައިލު އޭނާގެ އަތުގައި އޮތް ފޯނު ޖިންސުގެ ޖީބަށް ލިއެވެ. އަދި ފުންނޭވާއެއް ލުމާއެކު އޭނާގެ ނިތްކުރީގައި އަތްހާކާލިއެވެ. އިރުކޮޅަކު އޭނާއަށް ހުރި ފިޔަވަޅު މަތީ މަޑުކޮށްލައިގެން ހުރެވުނެވެ. ނަމަވެސް ކާކޮޓަރި ތެރެއިން އެންމެން ނިކުންނަން އުޅޭ ކަހަލަގެ ހިލަމެއް ވުމާއެކު ބޮޑުކޮޓަރި ތެރެއިން ފެންނަން ހުރި ސިޑިއާ ދިމާއަށް ރުހައިލު ދުއްވައިގަތެވެ. އަދި ފަހަތަށް ބަލާލުމެއްނެތި އެއްހަރުފަތް ދޫކޮށް ސިޑިން އަރައިގެން ގޮސް އޭނާގެ ކޮޓަރިއަށް ވަދެ ދޮރުލައްޕާ ތަޅުލިއެވެ.
ފިކުރުބޮޑުވެފައި ހުރި މީހަކު ފަދައިން ކޮޓަރީގައި ދެކޮޅަށް ހިނގާލަ ހިނގާލާ ހުރެފައި ރުހައިލު އައިސް އެނދުމައްޗަށް އުއްޑުން ވެއްޓިގަތެވެ. އަދި ދެއަތްތިލަ މުއްކަވާލުމާއެކު ނިތްކުރީގައި މަޑުމަޑުން ތަޅައިގަތެވެ. އެއަށްފަހު އަނެއްކާ ވެސް ފުން ނޭވާއެއް ބޭރުކޮށްލިއެވެ. މިއަދު އޭނާއަށް ގޮތް ހުސްވެފައިވާ ކަހަލައެވެ. މަތީ ފަންގިފިލައަށް ނަޒަރު ހުއްޓާލައިގެން އޮވެ އެކިއެކި ދިމަދިމާއަށް ވިސްނުން ހިންގަމުން އޭނާ ދިޔައެވެ. ހިތުގައި އަރުފީނުގެ މައްޗަށް އުފެދުނު ވަރުގަދަ ޖަޒުބާތުތައް ނެރެ އެއްލާލުމަކީ އޭނާއަށް ފަސޭހަކަމަށް ނުވާނެއެވެ. ހުރިހާ ވިސްނުމެއް ވިސްނެނީ އެހެންވެއެވެ. އޭނާގެ ދިރިއުޅުމަށް މައިންބަފައިން ހޮވި ހޮވުން ކިތަންމެހާ ވެސް ފުރިހަމައެވެ. ފާޑުކިޔާނީ އެހެންނޫންނަމަތާއެވެ. އެކަމަކު ހިތަކީ ވެސް ފާޑެއްގެ އެއްޗެކެވެ. މީހެއްގެ މައްޗަށް އެ ހިތް ލެނބިއްޖެނަމަ ދެން އެހެން ފަރާތަކަށް އެ ހިތުން ޖާގައެއްދިނުން ބޮޑު ވޭނަކަށް ވެދެއެވެ. އަމިއްލަ ނަފުސަށް އެއްވެސް ކަމަކު މަޖުބޫރުކޮށްގެން ނިކުންނަ ނަތީޖާ ރަނގަޅެއް ނުވާނެއެވެ. އެކަން ވެސް ރުހައިލަށް އެނގެއެވެ. ހާސްކަމުގެ ތެރެއިން ދެ އަތުގެ އިނގިލިތައް ބޮލުގެ ދެފަރާތުން އިސްތަށިގަނޑަށް މަހާލުމާއެކު ދެ ލޯ މަރާލައިގެން އޮވެ “އަރުފީނު”ގެ ނަން ރުހައިލު ކިޔާލިއެވެ. އެންމެ ފަހަރަކު ނޫނެވެ. ތަކުރާރުކޮށް އެތައް ފަހަރަކުއެވެ.
ރުހައިލުގެ ކޮޓަރީގައި މީހަކު ޓަކި ދިނުމުން ވެސް އަޅާނުލަން އޮތީއެވެ. އެހެންނަމަވެސް ނައިރާގެ އަޑުއިވުމާއެކު ފޫހިކަމުގެ އަސަރުތަކެއް ރުހައިލުގެ މޫނުމަތިން ފާޅުވެގެންދިޔައެވެ. ހަމަ އެވަގުތު ބާލީސް ނަގާ މޫނުގައި އަޅާ ބާރުކޮށްލިއެވެ. ނައިރާ ދެތިން ފަހަރަށް ގޮވާލުމުން ނުތެދުވަން އޮވެފައި ވެސް ރުހައިލު ތެދުވެގެން އައިސް ދޮރުހުޅުވިއެވެ.
“ގެއަށްދާން މިދަނީ، ނުދާނަންތަ އަހަންނާއެކު، ކީއްވެ ކޮޓަރިއަށް އައީ، އެންމެން އެ ތިބީ ބޮޑުކޮޓަރިތެރޭ” ނައިރާ ހިނިތުންވެލިއެވެ.
“ބޮލުގަ ރިއްސާތީ މިއުޅެނީ، ނައިރާ އެކަނި ދާންވީނު މިރޭ” ރުހައިލު ބޮލުގައި އަތްފުނާ އަޅާލަމުން ބުނެލިއެވެ.
“އޯކޭ، ދޭ އަރާމުކޮށްލަން…. ނިދާލަނިކޮށް އިރާދަކުރެއްވިއްޔާ ރަނގަޅުވެދާނެ، ބާއި….. ސީ ޔޫ…” ނައިރާގެ ކަނާތް ހިއްލާލުމާއެކު އިނގިލިތައް ތަޅުވާލަމުން ލިފްޓާ ދިމާއަށް އޭނާ ހިނގައިގަތެވެ. ހަމަ އެވަގުތު އަރުފީނު އޭނާގެ ކޮޓަރިން ނިކުތެވެ. އެއާއެކު ނައިރާ، އޭނާއަށް ގޮވާލިއެވެ. އަރުފީނަށް ބަލާލެވުނީ ރުހައިލުގެ ކޮޓަރިއާ ދިމާއަށެވެ. އެހިނދު ކޮޓަރިތެރެއަށް ރުހައިލު ދެމިގަތްތަން އަރުފީނަށް ފެނުނެވެ.
“މިރޭ ނުވެސްފެނޭ، ކީއްތަތިކުރަނީ” ނައިރާ ހިނިއައިސްފައި އަހާލިއެވެ.
“މަސައްކަތެއްކޮށްލަނީ، ނައިރާ، ކީއްކޮށްލަނީ” އަރުފީނު އަހާލިއެވެ. އޭރު ވެސް ސިއްރުން ރުހައިލުގެ ކޮޓަރިއާ ދިމާއަށް އަރުފީނަށް ބެލެއެވެ.
“ގެއަށް ދާން މިއުޅެނީ، ރުހައިލާއެކު ދާންކަމަށް އައީ، އެކަމަކު އޭނާ އުޅެނީ ބޮލުގައި ރިއްސާތީ، ދެން މިރޭ އެކަނިދާނީ ދޯ” ނައިރާ އައިސް ލިފްޓަށް އެރިއިރު އަރުފީނު ވެސް އޭނާއާއެކު އެރިއެވެ.
“ސްޓޮޕް އިޓް ނައިރާ…. ބޮޑު އަނގަގަނޑު…” ދޮރުފަތުގެ ނިވަލުގައި ނައިރާމެން ދައްކަމުން ދިޔަ ވާހަކަ އަޑުއަހަން ހުރެފައި ރުހައިލު ބުނެލިއެވެ. ކައިވެނި ހަމަޖެހިފައި އޮތްކަން ނައިރާގެ ދުލުން އަރުފީނުގެ ގާތުގައި ބުނެފާނެތީ ރުހައިލު ކަންބޮޑުވީ ކަހަލައެވެ. ނަމަވެސް ދޮރުލައްޕާފައި އައިސް އަނެއްކާ ވެސް ރުހައިލު ވެއްޓިގަތީ އެނދުމައްޗަށެވެ.
* * * *
ނިދަން އެނދަށް އަރާ އޮތް ޝުޢައިބު ދައްކަމުން ދިޔައީ ސިންގަޕޫރަށް އަލުން ފުރާ ވާހަކައެވެ. އެކޮޅުގައި އޮންނަ ކަމަކަށް ދާން ޖެހޭތީއެވެ. އަދި ފަޒަލް އާއި ރުހައިލުގެ ކައިވެނި އެއްދުވަހަކަށް ހަމަޖައްސާ، އެކަން ކުރެވޭއިރު އޭނާ ހުންނާނީ މާލޭގައި ކަމުގައި ބުންނެވެ.
“މަލީކުބެ ކީއްތަވާނީ އެހެން މީހަކު ފޮނުވިއްޔާ، ނޫނީ ބޭބެ އަމިއްލައަށް ވެސް ދެވިދާނެއެއްނު، ކޮންމެ ފަހަރަކު ޝުޢައިބު ކީއްކުރަންތަ ފޮނުވަނީ، ދަމުން ބުނާނެ އެހާ ގިނަދުވަހެއް ނުވާނެއޭ، އެކަމަކު އެކޮޅަށް ދެވުނީ ދެން އަހަރެންމަތިން ހަނދާނެއް ވެސް ނުހުންނާނެ” މެހެނާޒު މޫނު ހަދާލިއެވެ.
“އަހަރެން ނުލާހިކު މުހިންމު ކަމެއްގައި ހުއްޓަ ވެސް ނާޒު ގުޅާފާނެ، ދެން ފޯނު ނުނެގުނަސް ހުންނާނީ ރުޅި އައިސްފަ، ދެން ކިހިނެއް ގުޅާނީ…. ނާޒްއަށް އެއްފަހަރު ވެސް ނުވިސްނޭ އަހަރެން އެނބުރި އަންނަން އޮތީ ނާޒްގެ ގާތަށް ކަމެއް، އެހެންވީމަ މިހެން ދާ ދަތުރުތަކުގައި އަހަންނަށް ހަމަޖެހިލާނެ ވަގުތުކޮޅެއް ދިނިއްޔާ ކީއްތަވާނީ، ކޮންމެ ދަތުރަކު އަހަރެން ނާޒްއަށް ގެނެސްދޭ އެއްޗެހި މަދެއްނޫނެއްނު، އެކަމުން ވެސް އަހަރެން ނާޒްއާ މެދު ވިސްނާވަރެއް ނޭނގޭތަ، ކީއްވެތަ އަބަދު މޫނު ހަދައިގެން ހުންނަނީ” މެހެނާޒު ހިތްހަމަނުޖެހުމުން މިފަހަރު ޝުޢައިބު އެހާ ފަސޭހައިން ދޫކޮށްލާކަށް ބޭނުމެއްނުވިއެވެ. އެހެންޏާ އޭނާ ބަލަނީ ހަރުކަށިގޮތް ދައްކާލައިގެން މެހެނާޒު މައިތިރިކުރެވޭތޯއެވެ. ނަމަވެސް މިފަހަރު ޝުޢައިބު އުޅުނީ ވަރަށް ލޯބިން ވިސްނައިދެވޭތޯއެވެ.
“އަހަރެން ނުބުނަން ދޯ ޝުޢައިބު އަހަންނަށް ކަންތައްކޮށްދެނީ ލޯބިންނެއް ނޫނޭ…. އެކަމަކު ކޮންމެ އަހަރެއްގެ އެއްދުވަސްކޮޅަކަށް ކީއްވެތަ ރާއްޖޭން ބޭރަށް ދާންޖެހެނީ” މެހެނާޒަށް އެއްގޮތަކަށް ވެސް ނުވިސްނޭކަހަލައެވެ.
“ތިހާގިނަ ސުވާލުކޮށް، ހުރިހާ ދިމަދިމާއަކަށް ވިސްނަންޏާ ޝައްކު ބަލި ޖެހޭނީ، އަހަރެން މީ ނާޒްގެ ފިރިމީހާ، އަހަރެން އެއްޗެއް ބުނީމަ ޤަބޫލުނުކުރެވެންޏާ ދެން ކާކުގެ ވާހަކަ ނާޒް ޤަބޫލުކުރާނީ، މި ދެމެދުގައި މިއޮތް ގުޅުން ގިނަ ދުވަހަށް ދެމިގެންދާނެތަ އިތުބާރާނުލާ، އަހަރެން އެއްގޮތަކަށް ވެސް ސުވާލެއް ނުކުރަން ނާޒް ކޮންމެތަނަކަށް ދިޔަޔަސް، ރައްޓެހިންނާ އެކީއޭ ދިޔައީ ބުނެފިނަމަ އެއްފަހަރު ވެސް ނާހަން އެއީ ކޮންކޮން ބައެއްހޭ ވެސް، ކޮންމެވެސް ވަރެއްގެ މިނިވަންކަމެއް އޮންނަންވާނެ ދޯ…. ނާޒް… އަހަރެން މިފަހަރު އެހާ ގިނަ ދުވަހެއް ނުވާނެ، ސިންގައްޕޫރުން އައިސް، ނާޒް ގޮވައިގެން، ނާޒް ބޭނުން ތަނަކަށް އަހަރެން ދާނަން، ފަޒަލްގެ ކައިވެންޏަށް ވެސް ތައްޔާރުވާން ޖެހޭނެއެއްނު ދޯ” ޝުޢައިބު އޮތްވަރަށް ވުރެ މެހެނާޒާ ގާތަށް ޖެހިލަމުން އޭނާގެ އަތުގައި ހިފާލިއެވެ.
* * * *
ހެނދުނުގެ ވަގުތެވެ. އޭރު ގަޑިން އަށްގަޑި ބައިވަނީއެވެ. މަލީކު އާއި ޝުޢައިބު ޕޯޓިކޯއިން ނިކުން ގޮތަށް ގޭޓާ ދިމާއަށް ހިނގައިގަތީ އެކުއެކީގައެވެ. ދެ މީހުން އައީ ވާހަކަދައްކަމުންނެވެ. އެހެންނަމަވެސް ކުއްލި ގޮތަކަށް މަލީކު ވަށައިގެން ނަޒަރު ހިންގާލިއެވެ. އަދި ޝުޢައިބުއާ ކުޑަކޮށް ގާތަށް ފިޔަވަޅެއް އަޅާލިއެވެ.
“ޝުޢައިބު، އަހަންނަށް އެނގޭ މީ އަހަންނާ ބެހޭކަމެއް ނޫންކަން، އެކަމަކު ވެސް ބުނެލަން ބޭނުން، ސިއްރުން ކަމެއް ކުރާނަމަ އެކަމެއް ފަޅާނާރާނެކަމަށް ހީނުކުރާތި، އެކަމަކު މީގެ މާނައަކީ އަހަރެންގެ ފަރާތުން ކަމެއް އެނގޭނެއެކޭ ނޫން، އަހަންނަށް ވެސް އަހަރެންގެ ކޮއްކޮގެ ގޮތް އެނގޭ، އޭނާ މަޑުމަޑުން ނުހުންނާނެ، އަބަދު އެއްކަމަކަށް އެއްދޮގެއް ހަދަމުންދާނަމަ އެއީ ދޮގެއްކަން އެހެންމީހުންނަށް އެނގޭކަށް ގިނަ ދުވަހެއް ނުނަގާނެ….” މަލީކު ބުނެލިއެވެ. ޝުޢައިބު އިސްޖަހާލީ ލަދުވެތިކަމާއެކުއެވެ. ޚުދު އޭނާއަށް ވެސް އެނގޭކަމަކީ މަލީކުއަކީ މެހެނާޒުގެ ބޭބެއަށް ވިޔަސް އެ ދެމަފިރިންގެ ދެމެދުގައި ހިނގާ އެއްވެސް ކަމަކާ އޭނާ ނުބެހޭނެކަމެވެ. ހަމައެއާއެކު ޝުޢައިބު ކޮންމެ އަހަރަކު ފުރައިގެން ދާއިރު އޭނާ ދަނީ އޮފީސްކަމަކު ނޫންކަން ވެސް އެނގޭ މީހަކީ މަލީކެވެ. އޭނާ ދިން ނަޞޭޙަތް ޝުޢައިބު ޤަބޫލުކުރާކަމުގެ އިޝާރާތެއްގެ ގޮތުން މަޑުމަޑުން ބޯޖަހާލިއެވެ.
ފިނިވެފައި ހުރި ފަދަ ގޮތަކަށް ދެއަތް ގަޔާލާ ފިއްތާލައިގެން ދެއަތްތިލަ ޖިންސުގެ ޖީބަށް ކޮށްޕާލައިގެން ކޮޓަރީގެ ކުޑަދޮރު ކައިރީ ހުރި ރުހައިލަށް ގޭގެ ގޭޓުން މަލީކު އާއި ޝުޢައިބު ނިކުންތައް ފެނުމާއެކު އަވަސް އަވަހަށް ކޮޓަރިން ނިކުމެގެން ޝާރުދާ ހޯދަން އޭނާ އައެވެ. ގޭތެރެ ހޯދަމުން އައިރު ކާކޮޓަރި ތެރޭ މެންދުރަށް ހަދާނެ އެއްޗަކާ މެދު ވަރުޝާއާ މަޝްވަރާކުރަން ޝާރުދާ ހުއްޓެވެ. އެހެންވެ އެވަގުތު އެއްޗެއް ނުބުނެ ޝާރުދާއަށް ފެނުމުގެ ކުރިން އައިސް ބޮޑުކޮޓަރީގެ ސޯފާގައި އިށީނެވެ. އޭނާ އެތަނުގައި އިންނަތާ އިރުގަނޑެއް ފަހުން ޝާރުދާ ބަގީޗާގެ މަސައްކަތްކުރާ އެއްޗެހިތައް ހިފައިގެން ގޯތިތެރެއަށް ނިކުތެވެ. އޭނާ ނިކުންތާ ގިނައިރެއް ނުވަނީސް ރުހައިލު ވެސް ގޯތިތެރެއަށް ނިކުމެލިއެވެ.
“ކީއްވެ ތި ގަސް ނަގަނީ” ޝާރުދާ ވިނަގަނޑުގައި ދެކަކޫ ޖައްސާލައިގެން މާގަސް އިންދާފައި ހުރި މުށިގަނޑުން ގަސް ނަގާތަން ފެނިގެން އެތަނުގައި އައިސް މަޑުކޮށްލި ރުހައިލު އަހާލިއެވެ.
“މި މުށިގަނޑުގައި ރެނދުލާފައި ހުރީމަ، މިހާރު މާބޮޑަށް ހަލާކުވެފައި މިހިރީ” ޝާރުދާ އޭނާގެ މަސައްކަތުގައި އިނދެ ރުހައިލަށް ބަލާލުމެއް ނެތި ބުނެލިއެވެ. އޭނާގެ ކައިރިއަށް ރުހައިލުގެ ހިޔަނި އެޅިފައި ހުއްޓެވެ.
“ހެލޯ….” ބިއްދޮށް ފަރާތުގައި ހުރި ދޮރު ހުޅުވާލާފައި ފަޒަލް ވަދެގެން އައިސް އެމީހުންގެ ގާތުގައި މަޑުކޮށްލިއެވެ.
“އާންޓީ ހިޔެއްނުކުރަން އެންމެނަށްވުރެ ކުރިން ފަޒަލްކަމެއް ކައިވެންޏަށް ތައްޔާރުވެފައި ހުންނާނީ، އެކަމަކު އެ އަންހެންކުއްޖާ ފެނުނީއްސުރެން އެނގޭ އެއީ ފަޒަލްއާ ވަރަށް ގާތް ކުއްޖެއްކަން” ޝާރުދާ ފެށި ވާހަކައިން ރުހައިލު ވެސް އޭނާގެ އެކުވެރިޔާއާ ދިމާކޮށްލިއެވެ. ނަމަވެސް ފަޒަލްއަށް ލިބުނީ ހައިރާންކަމެކެވެ. އޭނާ ހީކުރީ ކައިވެނީގެ ވާހަކަދެއްކުމުން ރުހައިލަށް ލިބިގެންދާނި މާޔޫސްކަން ކަމުގައެވެ. ބުނާނެ އެއްޗެއް ނޭނގިފައި އޭނާ ހުރީއެވެ.
“ކައިވެނި ހަމަޖެހުނީމަތަ ދެ ކުދިން މާހެނދުނަކާ ތެދުވެގެން ތިއުޅެނީ، އެހެންޏާ އެގާރައިގެ ކުރިން ކޮޓަރިން ބޭރަށް ބޯވެސް ދިއްކޮށްނުލާނެ” އަނެއްކާ ވެސް ޝާރުދާ ދިމާކޮށްލިއެވެ. އެއާއެކު ރުހައިލު ތިރިވެލަމުން އޭނާގެ މަންމައަށް އެހީތެރިވެދޭން ފެށިއެވެ.
“މަންމާ! އަޅުގަނޑު ވާހަކައެއް އަހާލަންތަ؟” ރުހައިލުގެ ހަޤީޤީ ބޭނުން ހާމަކުރަން އޭނާ ފެށިއެވެ.
“އަހާބަލަ، ޔަޤީން ކޮންމެވެސް ކަމެއް ބޭނުންވީ، އެހެންނޫނީ މިވަރަށް ގަސްއިންދާއިރު ވެސް ތިޔަގޮތަށް އައިސް މަންމަ ގާތުގައި ނީނދޭވިއްޔާ” ހެވިލާފައި ޝާރުދާ ބުނެލިއެވެ. ރަކި ގޮތަކަށް ހީނލާފައި ރުހައިލު ވާހަކަފެށިއެވެ.
“އަންހެންކުއްޖަކު ރީތިވަނީ ހަމައެކަނި އޭނާއަށް މުއްސަނދިކަމާ، ރީތި ސިފައެއް ލިބުނީމަތަ؟ އެހެންނޫނީ ރަނގަޅުކުއްޖަކަށް ނުވާނެތަ؟ މީހަކާ އިންނަންއިރު އަބަދު ޚިޔާރުކުރަންވާނީ އެކަހަލަ އަންހެންކުދިން އެކަނިތަ؟” ރުހައިލު މިހެން ބުނިއިރު އޭނާގެ މޫނާ ފަޒަލްގެ ނަޒަރު ވަތްކެއްނުވެއެވެ. އޭނާ އެ ދައްކަނީ ކާކުގެ ވާހަކަކަން ފަޒަލްއަށް ދެނެގަންނަން އެނގުނީ ކަންވެސް ނޭނގެއެވެ.
“ކޮންމެ އިންސާނަކު ވެސް ﷲ ހެއްދެވީ އެންމެ ރިވެތި ސޫރައިގަ، ކޮންމެ މީހަކީ އޭނާގެ އަމިއްލަ ޒާތުގައި ތަފާތު މީހެއް، ތަފާތު ރީތިކަމެއް ލިބިފައިވާ މީހެއް، މުއްސަނދިވުމާ، ބޭރުފުށުގެ ރީތިކަމަކީ، އިންސާނުން އަމިއްލައަށް ކަނޑައަޅާ ޝަރުތުތަކެއް، އެފަދަ ހުރިހާ އައިބެއްވަނީ ބަލާމީހާގެ ލޮލުގައި، އަނެކާގެ ސޫރައިގައެއްނޫން” ހިނިތުންވެލާފައި ޝާރުދާ އޭނާގެ މަސައްކަތަށް ގަޔާވެ އިނދެ ބުނެލިއެވެ.
“އެހެންވީރު…. އަރުފީނު… އަރުފީނަކީ މަންމަ ޤަބޫލުކުރާ ގޮތުގައި ރަނގަޅުކުއްޖެއްތަ؟ ދެން މިސާލަކަށް އަޅުގަނޑު…. އަޅުގަނޑަށް އަރުފީނު ކަމުގޮސްފިއްޔާ ދެން… އަޅުގަނޑު އޭނާއާ ކައިވެނި ކުރަން ބޭނުންވެއްޖެއްޔާ…” އެގޮތް މިގޮތުން ހިތުގައިވާ އެއްޗެއް ރުހައިލު ބޭރުކޮށްލިއެވެ.
“އާނ…” ކުއްލިއަކަށް ފަޒަލް ބުނެލިއެވެ. އެއާއެކު ރުހައިލު އާއި ޝާރުދާގެ ސަމާލުކަން އޭނާއަށް ހުއްޓުނެވެ. އޭރު ފަޒަލް ކޮލުގައި އަތްޖައްސާލައިގެން ހުރެ އަނގަހުޅުވާ ދޫނެރެގެން އުޅެއެވެ.
“އަނގަޔަށް ކިހިނެއްވީ؟” ރުހައިލުގެ ވާހަކަތަކުން ޝާރުދާ ސިހުނުވަރަށްވުރެ ފަޒަލްގެ ހަރަކާތްތަކަށް މާބޮޑަށް ސަމާލުވިއެވެ.
“ދޫ ހެފުނީ” ކުޑަކޮށް ދޫނެރިލައިގެން ހުރެ ދުލުގައި ވަރުނުބަހައްޓާ ފަޒަލް ބުނެލިއެވެ. އޭނާއަށް އެހެންވީ ރުހައިލު ދާދި ދެންމެ ޝާރުދާގެ ގާތުގައި ދެއްކި ވާހަކަތަކުންނެވެ.
“ދޭ އައިސް ފެންފޮދެއް ބޯލަން” ޝާރުދާ ބުނެލިއެވެ. އެއާއެކު ރުހައިލު އޭނާގެ މަންމަގެ ސަމާލުކަން ހޯދަން މަސައްކަތްކުރިއެވެ. އެގޮތުން އަނެއްކާ ވެސް އޭނާ ކުރިން ބުނި އެއްޗެއް ތަކުރާރު ކުރެވޭތޯ އުޅުނެވެ. އެހެންނަމަވެސް ބުނަން އުޅޭ އެއްޗެއް އެއްކޮށް ނުނިމެނީސް ޝާރުދާ ވާހަކަދައްކަން ފެށިއެވެ.
“އަރުފީނަކީ ހުތުރު ކުއްޖެއްނޫން، އަނެއްކާ އެކުއްޖާއަށް ލަނޑެއްދޭންވީތަ؟ އަދިވެސް ރުހައިލު އޭނާއަށް އުނދަގޫކުރުން ހުއްޓައެއްނުލަންދޯ، ތިކަހަލަ ސަމާސާ ކުރާއަޑު ބައްޕައަށް އިވިލައްވައިފިއްޔާ ވާނޭގޮތް އެނގޭތަ، އެހާވަރުން ދަރިފުޅުގެ ކައިވެނި ކުރުވަން ބައްޕަ ނިންމެވީ ވެސް ދަރިފުޅުގެ ތިހުންނަ ލާނެތްގޮތްގަނޑު ކެނޑޭތޯ” ޝާރުދާ އަތަށް ލައްވާފައި އޮތް އަންގިއާއެކު އަތުގެ އުޅަންބޮށިކޮޅުން ގާތުގައި އިން ދަރިފުޅުގެ ކޮނޑުގައި ޖައްސާ މަޑުމަޑުން ކޮށްޕާލިއެވެ.
“އަޅުގަނޑު އަރުފީނަށް އުނދަގޫ ނުކުރަންޏާ ބައްޕަ މި ކައިވެނި ހުއްޓުވާނެތަ؟” އަވަސްއަވަހަށް ރުހައިލު ބުނެލިއެވެ.
“ރުހައިލު، ކައިވެންޏަކީ ވަރަށް މާތްގުޅުމެއް، މަންމައަށް ވަރަށް ކަމުދޭ ނައިރާ، ދަރިފުޅާ ވަރަށް ގުޅޭ، ބައްޕަ އެ ޚިޔާލު މަންމައަށް ދިނުމާއެކު ވަގުތުން އެކަމަށް އެއްބަސްވެވުނީ އެހެންވެ، ތީ އަބަދުވެސް މަންމަގެ ބަސްއަހާ ދަރިއެއް، އިޒުވާނުދެކެ ބައްޕަ ކިތަންމެ ލޯބިވިނަމަވެސް މިއަދު އެބައްޕަ އެހުރީ އެ ދަރިފުޅާ މެދު ވަރަށް ބޮޑަށް މާޔޫސްވެ ނާންއުންމީދުވެފައި، ދެން ހުރީ ދަރިފުޅު، މަންމައަށް އެނގޭ ދަރިފުޅުގެ ދޮންބެހެން ނުވާނެކަން، ބައްޕަ ބޭނުންވަނީ ބައްޕަ މުސްކުޅިވާ ދުވަހު މި ގެއާ، ބައްޕަގެ ވިޔަފާރިއާ… ހުރިހާ ޒިންމާއެއް އުފުލާނޭ ދަރިއަކު ހުރުން، އެހެންވެ ވަރަށް ބޮޑު އުންމީދެއް ރުހައިލާމެދު ބައްޕަ ކުރައްވާ، ދަރިފުޅާއި ނައިރާއަކީ އެންމެ ގުޅޭ ޖޯޑުކަމުގައި ދަރިފުޅުގެ ބައްޕަ ވެސް، ނައިރާގެ ބައްޕަ ވެސް އެއްބަސްވި، މިހާރުއްސުރެން މަންމައަށް އިންތިޒަރު މިކުރެވެނީ ޅީދަރިއެއްގެ ގޮތުގައި ނައިރާ މިގެއަށް އަންނާނެ ދުވަހަކަށް، ދަރިފުޅު ނުވާނެ މިހާރު ތިއުޅޭހެން އުޅެގެން” ޝާރުދާ ވާހަކަދައްކަމުން ދިޔައިރު އޭނަގެ ދެލޮލުގައި ވިދަމުންދިޔަ ހުވަފެންތަކާއި އުންމީދުތައް ރުހައިލަށް ފެންނަމުންދިޔަ ކަހަލައެވެ. އޭނާ އެސްފިޔަ ޖަހާލުމެއްނެތި މަންމަގެ މޫނަށް ބަލަން އިނެވެ. އަދި އަނގައިން ބޭރުވެގެންދިޔަ ނޭވާގެ ވަޔާއެކު އެހެންމީހުންނަށް ނީވޭ އާހެއްގެ އަޑު ރުހައިލުގެ ދެތުންފަތް ދޭތެރެއިން ބޭރުވެގެންދިޔައެވެ.
“ކައިވެނީގެ ވާހަކަދައްކަން އަދި ވަގުތުއެބައޮތޭ، ހިނގާބަލަ…” ކުއްލިއަކަށް ފަޒަލް ގުދުވެލާފައި ރުހައިލުގެ ކޮނޑުގެ ދެފަރާތުން ޖަހާލުމާއެކު އޭނާ ނަގަން މަސައްކަތްކުރިއެވެ. ރުހައިލު މަޑުމަޑުން ތެދުވުމުން އޭނާގެ އަތުގައި ހިފާ ދަމައިގަންނަމުން ފަޒަލް ހިނގައިގަތީ ގޭތެރެއަށް ވަންނާށެވެ.
“އައި އެމް ސޮރީ ބްރަދަރ” ކަރުއެލިފައި ހުރި ރުހައިލުގެ ކަނދުރާގައި އަތްއަޅުވާލަމުން ފަޒަލް އޭނާ ގެނެސް ގަޔާ ކައިރިކޮށްލިއެވެ.
“އައި ސްޓިލް ލަވް ހަރ… ޑޭމްއިޓް… އައި ސްޓިލް ލަވް ހަރ” މަޑުއާހެއްގެ އަޑުހެން ރުހައިލު ބުނެލިއެވެ.
“އައި އެމް ރިއަލީ ވެރީ ސޮރީ…” ފަޒަލް ދެވަނަ ފަހަރަށް މާފަށް އެދުނެވެ.
“ރުހައިލު…” އަނގައިން ބުނުމެއްނެތި ރުހައިލު އެތެރެއަށް ހިނގައިގަތުމުން ކަންބޮޑުވެފައި ހުރި ފަޒަލް ތަންކޮޅެއް ބާރަށް ރުހައިލަށް ގޮވާލިއެވެ. އަދި އަވަސްއަވަހަށް ރުހައިލުގެ ފަހަތުން އައެވެ.
“ފަޒަލް، ބައްޕަގެ އެ ނިންމުމަކީ ހަމައެކަނި ބައްޕަގެ އަމިއްލަ ނިންމުމެއް، އެހެންވީމަ ފަޒަލް މާފަށް އެދެންޖެހޭވަރު ކަމެއްނޫން އެއީ” ލިފްޓުގެ ކުރިމައްޗަށް ހުއްޓެމުން ފަޒަލްއަށް ބަލަން ހުރެ ރުހައިލު ބުންޏެވެ.
“ކައިވެނީގެ ވާހަކަ، މަންމަ ދައްކަނިކޮށް އަހަރެން އަޑުއެހިން، އެކަމަކު ރުހައިލުގެ ގާތުގައި އަހަންނަށް އެ ވާހަކަ ނުބުނެވުނީ، އެހެންވެ މާފަށް މި އެދެނީ، އަހަންނަށް އެނގޭ ރުހައިލު ބޭނުންވަނީ އަރުފީނާ ގުޅެންކަން، އެކަމަކު މިގޭ މީހުން އަރުފީނު ބަލައިނުގަންނާނެތީވެ ބޭނުންނުވީ އަރުފީނާ، ރުހައިލު ގުޅެން ބާރުދޭން… ސޮރީ ރުހައިލު…” ފަޒަލްގެ ވާހަކަ އަޑުއަހާފައި ރުހައިލު އިރުކޮޅަކު މަޑުކޮށްލައިގެން ހުއްޓެވެ.
“އޭރު އެނގުނުނަމަވެސް ވާނީ ހަމަމިވަރު… އަހަރެންގެ ކުރިމަތީ މަންމަ އެންމެ ކަރުނަތިއްކެއް ވައްޓާލާތަން ވެސް ދުށުމަކީ އަހަންނަށް ކެތްވާނެކަމެއްނޫން، ބައްޕަ އަހަރެން ބަލާ މިވަރުކުރިއިރު އެއްފަހަރު ވެސް އަހަރެން ހިތުގައިޖެހޭވަރު ކަމެއް ނުކުރޭ، ވީއިރު އަހަންނަށް ކިހިނެއް ކެރޭނީ އެމީހުންގެ ހިތުގައި ޖެހޭފަދަ ކަމެއް ކުރަން، އެކަމަކު… އެކަމަކު އަރުފީނަކީ ވެސް އަހަންނަށް ވަރަށް ޚާއްޞާ މީހެއް، އަހަރެން އެމީހަކު ދެކެ އެންމެ ލޯބިވާ މީހާ، އޭނާގެ މަތިން އަހަރެން ދުވަހަކު ވެސް ހަނދާންނައްތާލާކަށް ބޭނުމެއްނޫން….” އިސްޖަހާލުމާއެކު ލިފްޓުގެ ތެރެއަށް ރުހައިލު ވަނެވެ. ފަޒަލް ހުރި ފިޔަވަޅު މަތީ މަޑުކޮށްލައިގެން ހުރީއެވެ.
* * * *
ޚިޔާލުތަކުގެ ތެރެއަށް ގެއްލިފައި އޮތް ސޮފޫރާގެ ސަމާލުކަން ކައިރީގައި އޮތް ފޯނު ހޯދިއެވެ. މެސެޖެއް އައި އަޑާއިއެކު ފޯނު ނަގާ ސޮފޫރާ ބަލާލިއިރު އޭނާއަށް މެސެޖުކުރީ ޝާންއެވެ. މެންދުރުގެ ވަގުތެއްގައި އޭނާއާ ބައްދަލުކުރުމަށް އެދިއެވެ. ސޮފޫރާ ވަގުތުން ޖަވާބު ލިޔެފައި ފޮނުވާލިއެވެ. އެއާއެކު ޝާން އެދުނީ އޭނާ ސޮފޫރާ ބަލާ އަންނަންވާއިރަށް ތައްޔާރުވެގެން ހުރުމަށެވެ. އެނދުގައި އޮތުން ސޮފޫރާއަށް ދަތިވީ ލިބުނު އުފާވެރިކަމެއްގެ ސަބަބުންނެވެ. ހިނިތުންވެލައިގެން ހުރެ އަވަސްވެގަތީ ޝާންއާ ބައްދަލުކުރަން ދާންވާއިރަށް ލާނެ ހެދުމެއް ކަނޑައަޅާށެވެ.
“ސޮފޫރާ، މަންމަ ވާހަކައެއްދައްކާލަން ބޭނުން” ކޮޓަރީގެ ދޮރުހުޅުވާލަފައި ވަން އާތިޤާ ބުނެލިއެވެ.
“ކިހިނެއްވީ މަންމާ” އާތިޤާގެ މޫނުމަތިން ކޮންމެވެސް ވަރެއްގެ ޖެހިލުންވުމެއް ފެންނަން ހުރުމުން ސޮފޫރާ ސުވާލު އުފެދުނެވެ. ކުރަން ހުރި ކަންތައް ހުއްޓާލާފައި އާތިޤާއަށް ކުރިމަތިލިއެވެ.
“އާދެ ބަލަ މިތާ އިށީންނަން” ސޮފޫރާގެ އަތުގައި ހިފައިގެން ގެނެސް އެނދުގެ ކޮޅުގައި ބޭންދުމާއެކު އޭނާގެ ގާތުގައި އާތިޤާ ވެސް އިށީނެވެ.
“ކިހިނެއްތަވީ މަންމާ” ހައިރާންވެފައި އިނދެ އަނެއްކާ ވެސް ސޮފޫރާ އަހާލިއެވެ.
“މަންމަ ވަރަށް ބޮޑު ނިންމުމެއް ނިންމައިފައިން، އަރުފީނަށްވުރެ މިކަމުގައި ދަރިފުޅުގެ ޚިޔާލެއް މަންމަ ބޭނުންވަނީ” އާތިޤާއަށް ބުނަން އުޅޭ އެއްޗެއް ނުބުނެވިގެން އުޅޭހެން ސޮފޫރާއަށް ވެސް ހީވިއެވެ.
“އަހަރުމެން އެނބުރި ރަށަށްދަނީތަ؟ ބައްޕަ ބުނީތަ؟” ސޮފޫރާ ކުއްލިއަކަށް ހަނދާންވީ އޭނާ އެންމެ ބޭނުންވާ ކަންތަކުގެ މަތީންނެވެ. އާތިޤާ ސޮފޫރާގެ އަތްތިލާގައި ހިފާލަމުން ވާހަކަދައްކަން ފެށިއެވެ.
“ބޭބެ، މަންމައާ އިންނަން ބޭނުންވަނީ، މަންމަ ވެސް ނިންމައިފައިން ބޭބެއާ ކައިވެނިކުރަން، އަދި މިގޭގައި ހުންނަން، ބައްޕަ ވެސް އެބަ އާދޭ މިކޮޅަށް، އެންމެން ދެން އުޅޭނީ މާލޭގައި” އާތިޤާ މަޑުމައިތިރިކަމާއެކު ބުންޏެވެ.
“ބައްޕަ ކީކޭ ބުނީ” އަނގައިން ނުބުނެ އިރުކޮޅަކު އިނުމަށްފަހު ސޮފޫރާ އެހިއެވެ.
“ބައްޕަގެ މައްސަލައެއްނެތް، މަންމައަށް ފެންނަގޮތަކަށް ކަންތައްކުރަން ބުނީ، ދަރިފުޅު ކީކޭ ބުނަނީ” ޒަމާންތަކަކަށްފަހު އަލުން ކައިވެންޏަކަށް ތައްޔާރުވާން ޖެހުމުން އެކަން އަތިޤާއަށް ވެސް ފަސޭހަކަމަކަށް ނުވިއެވެ. ޚާއްޞަކޮށް ބޮޑުވެފައި ހުރި ދަރިއަކު ހުއްޓާ އެކުއްޖާގެ ލަފާ ނާހާ ދިރިއުޅުމަށް ބައިވެރިއަކު ގެންނަން އާތިޤާ ޖެހިލުންވަނީއެވެ.
“ބައްޕަގެ މައްސަލައެއްނެތިއްޔާ އަހަރެންގެ އެއްވެސް މައްސަލައެއްނެތް، ބޭބެއަކީ ވަރަށް ރަނގަޅު މީހެއްނު، މިހާރު ވެސް އަހަރުމެންނަށްޓަކައި ކިހާ ކަމެއް ކޮށްދީފި” ސޮފޫރާގެ މޫނުމަތިން ފެނިގެންދިޔައީ ހިނިތުންވުމެކެވެ. އާތިޤާ ދަރިފުޅު ގެނެސް ގަޔާ ކައިރިކޮށްލިއެވެ.
“އަރުފީނު ގާތު ނުބުނެ މިކަން ކުރާންވީބާއޭ ހިތަށް އަރަނީ، އެކަމަކު އެއީ ރަނގަޅުގޮތެއް ވެސް ނޫން” އާތިޤާ ބުނެލިއެވެ.
“މަންމާ، އަރުފީންކޮއްކޮއަށް މިހާރު ވެސް ވަރަށް ގިނަ ކަންތައްތައް ސިއްރުކުރެވިއްޖެ، މަންމަ ކައިވެނިކުރަން އުޅޭކަން ކޮއްކޮއަށް ނާންގައިފިއްޔާ މާބޮޑަށް ދެރަވާނެ، އަދި ދުރުގައި ހުރިއިރު އަންގާލުން ރަނގަޅު، މާލޭގައި މިހާ ދުވަހު އުޅޭއިރު އަރުފީނު އެހުންނަނީ އެހެންގެއެއްގައި، މަންމާ، ކައިވެންޏަށްފަހު އަރުފީނު މިގެއަށް ގެންނަމާ، ބޭބެ ވެސް އެދުނެއްނު އަރުފީނު މިގޭގައި ބެހެއްޓުމަށް” ސޮފޫރާ ބުންޏެވެ.
“މަންމަ ވެސް ތިކަމާ އެބަ ވިސްނަން، އަރުފީނު ގާތު ބުނަން ކިހިނެއް ހަދާނީ، ސޮފޫރާ ގުޅަންވީނު އަރުފީނަށް، ގުޅާފަ މިވާހަކަ ބުނެދޭންވީނު” އާތިޤާ އެދުނެވެ.
“ކޮން ދުވަހަކުން ކައިވެނިކުރުމުގެ ހަފުލާ އޮތީ” ސޮފޫރާ އަހާލިއެވެ.
“ހަފުލާއެއް ނޯންނާނެ، މަންމަ ބޭނުމެއްނޫން އެކަހަލަ ކަމެއް ކުރާކަށް، ކޯޓުގަ ކައިވެނިކޮށްގެން އަންނަގޮތަށް، ލުތުފީ އަދި ނުބުނޭ ވަކި ތާރީޚެއް، ކުރިއަށް މިއޮތް ދެ ހަފްތާތެރޭގެ ދުވަހެއްގައި ކުރެވޭނެހެން ހީވަނީ، މިއަދު ސޮފޫރާ ވާނެ އަރުފީނަށް ގުޅާފައި މި ވާހަކަ ދައްކަން، އޭރުން މަންމައަށް ހަމަޖެހިލެވޭނީ” ހާސްވެފައި އިން އާތިޤާ ބުނެލިއެވެ. އެކަމާ ސޮފޫރާ އެއްބަސްވިއެވެ. ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމަކާއެކު އާތިޤާ ކޮޓަރިން ނިކުންނަން ދާންފެށުމުން ސޮފޫރާ އޭނާއަށް ގޮވާލިއެވެ.
“މަންމާ، އަހަރެން މިއުޅެނީ މެންދުރު ބޭރަށް ދާންވެގެން، ޝާން…. ޑރ.ޝާންއާއެކު” އާތިޤާއަށް އެނގޭނޭހެން ސޮފޫރާ ބުނެލިއެވެ.
“ޑރ.ޝާން… އިތުރު ގަޑިތަކެއް ދަރިފުޅު ނަގަނީތަ؟” އާތިޤާއަށް ލިބުނު ހައިރާންކަމާއެކު އަހާލެވުނެވެ.
“ނޫން، މިހާރު އަހަރުމެން ދެމީހުންނަކީ ވެސް ދެ ރަޙުމަތްތެރިން، އަހަރެންގެ ހަޤީޤަތް އެންމެ ބޮޑަށް އެނގޭނޭ މީހަކީ އެއީ، ރަޙުމަތްތެރިއެއްގެ ގޮތުން ބައްދަލުކޮށްލަން ދަނީ، ޝާން އަންނާނެ އަހަރެން ބަލާ، އަހަރެން އެކަންޏެއްނުވާނެ، އަހަރެން ނުފެނިގެން މަންމަ ހާސްވެދާނޭތީވެ މި ބުނެލީ” ސޮފޫރާ ހިނިތުންވެލިއެވެ.
“އެންމެ ރަނގަޅު، މަންމަ ހީކުރަން ސޮފޫރާ ތީ އަންހެންކުއްޖެއްވީމަ އެކަން ވިސްނައިގެން އުޅޭނެކަމަށް، މާޒީގައި ހިނގާ ދިޔަ ކަންތަކުން ދަރިފުޅަށް ރަނގަޅު ފިލާވަޅުތަކެއް ދަސްވެއްޖެކަމަށް” އާތިޤާ ބުނެލިއެވެ.
“މަންމާ! އަހަރެން ދެން އެހެންނެއް ނޫޅޭނަމޭ، އެހެންނޫނަސް ޑރ.ޝާންއަކީ ވިޔާނުދާ މީހެއްނޫނެއްނު، އެއީ މަންމަ ވެސް އަދި ބޭބެ ވެސް އިތުބާރުކުރާ މީހެއް، ޤަބޫލުކުރޭ…. އަހަރެން އުޅޭނީ ވަރަށް ވިސްނައިގެން، ދެވަނަ ފަހަރަށް ގޯހެއް ނުހަދާނަން” ސޮފޫރާ ޔަޤީންކަން ދިނެވެ.
އެކެއްޖެހިއިރު ޝާން އިނީ ސޮފޫރާ ބަލައި އައިހެވެ. ގޭގެ މައި ދޮރޯށިން ސޮފޫރާ ނިކުމެގެން އައިއިރު ޝާންގެ ނަޒަރު ހުރީ ސޮފޫރާއަށް ހުއްޓިފައެވެ. އޭނާގެ ދިގު ފަން އިސްތަށިގަނޑު އޮތީ އެއްފަރާތަށް ވާގޮތަށް ގަތާލާފައި ކުރިމައްޗަށް އެލުވާލާފައެވެ. ދޮން މޫނުގައި ލޯ ކައިރި ކަޅުކުލައިން ފަވާލާފައި ހުރުމުން ދެ ލޮލުގެ ރީތިކަން ވަކިން ފުރިހަމައެވެ. ރަތްކުލައިގެ ތުންފަތުގައި ތާޒާކަން އެކުލެވިފައި ހުއްޓެވެ. ހުދުކުލައިގެން ޝިފޯން ގަމީސް ކޮޅާއި ކަޅުކުލައިގެ ސްކިނީގެ އިތުރުން ކޮނޑުގައި އެލުވާލާފައި ދިގު ދަބަހެއް އޮތެވެ. މަގުގެ ދެފަރާތް ބަލާލާފައި ސޮފޫރާ މަޑު ދުވުމެއްގައި މަގު ހުރަސްކޮށްލަމުން ޝާންގެ ސައިކަލު ކައިރިއަށް އައެވެ. އޭރު ހިތާ ހިތުން ޝާންއަށް ސޮފޫރާގެ ރީތިކަމަށް ތައުރީފު ކުރެވެއެވެ.
“ހާއި…” ސޮފޫރާ މަޑުމަޑުން ބުނެލިއެވެ.
“އަހަރެން މިއައީ އަހަންނާއެކު ސޮފޫ ލަންޗަކަށް ގެންދަންވެގެން، އެކަމަކު ސައިކަލު ފަހަތަށް އެރީމަތާ ގެންދެވޭނީ” ކުޑަކޮށް ޝާން ހީނލިއެވެ. އެއާއެކު އޭނާގެ ކޮލުގެ ދެފަރާތުން އަޑިކޮޅެއް ފާޅުވެގެންދިޔައެވެ. އިނގިލިން އަވިއައިނު ރަނގަޅުކޮށްލުމާއެކު ސައިކަލު ދުއްވާލަން ތައްޔާރުވެލިއެވެ. އެހެންނަމަވެސް ސޮފޫރާ ސައިކަލަށް އަރަމުން ޝާންގެ ކޮނޑުގައި އަތްތިލަ ބާއްވާލުމާއެކު ޝާންއިނީ ހުއްޓުން އަރާފައެވެ. އޭނާއަށް ސައިކަލު ސްޓާޓުކޮށްލަން އެނގުނީ ސޮފޫރާ އޭނާގެ ކަންފަތްކައިރީ މަޑުމަޑުން ޝާންގެ ނަން ކިޔާލުމުންނެވެ.
* * * *
މެންދުރު ފަސްވި ފަހުން އަރުފީނު ގެއަށް އައެވެ. އޭރު ގޭތެރޭގައި ނައިރާ އުޅޭތަން ފެނެއެވެ. ރުހައިލެއް ނުފެނެއެވެ. ކޮޓަރިއަށް އައިސް ފެންވަރައިގެން ނަމާދުކޮށްލައިގެން އަރުފީނު ނިކުތީ ކާށެވެ. ދެން ވެސް ރުހައިލެއް ގޭތެރެއަކުން ނުފެނެއެވެ. ފަޒަލް ފެންނަނީ ނައިރާއާއެކު އުޅޭތަނެވެ. އަރުފީނުގެ ފޯނަށް ރުހައިލުގެ މެސެޖެއް ވެސް ނާންނާތީ އޭނާ ހައިރާންވެއެވެ. އެހެންޏާ ރޭގަނޑާއި ދުވާލު އިރުއިރުކޮޅާ ކޮންމެވެސް އެއްޗެކޭ ކިޔާފައި ރުހައިލު ވައިބަރ ކުރާނެއެވެ.
“ރުހައިލު އަހަރެންދެކެ ހިތްހަމަނުޖެހުނީތަ؟ ކީއްވެބާ؟ އޭނާ ބުނާ ކަންކަން ނުކުރާތިތަ؟” ޚިޔާލަކަށް ގެއްލި އިނދެ ހިތާހިތުން އަމިއްލަ ނަފްސާ އަރުފިނު ސުވާލުކުރިއެވެ.
“ހާއި އަރުފީނު، މިއުޅެނީ ހަވީރަށް ލަޒާނިއާ ހަދަންވެގެން، މިލާން ވެސް އެބައާދޭ މިގެއަށް، ބައިވެރިވާންވާނެއެއްނު، އިރުކޮޅަކުން ޝޮޕިންއަށް ދާން ނިކުންނާނަން، ދާނަން ދޯ އަހަރުމެންނާއެކު” ފެންފުޅިއެއް ހިފައިގެން ހުރެ ބަދިގެ ފަރާތަށް ވަން ނައިރާ ފޯރިއާއެކު ބުނެލިއެވެ. ނައިރާގެ އެކުވެރިކަން ފެނި އަދިވެސް އަރުފީނަށް ޤަބޫލުކުރަން ދަތިވެއެވެ.
“ކީއްވެ އެއްޗެއް ނުބުނީ، ވަރުބަލިވެފަތަ ތިއިނީ، އައި ކޭން އަންޑަރސްޓޭންޑް، އަހަރެންގެ ކިޔަވަން އުޅެފައި ޔުނިވަރސިޓީއިން ގެއަށް އައިސް ފުރަތަމަ ވެސް ނިދަނީ، އެއަށްފަހު އިތުރުކަމެއް ކުރެވޭނީ… އަރުފީނު ރެސްޓުކޮށްލާ، އަހަރުމެން ޝޮޕިންކޮށްލައިގެން އަންނާނަން” ހިނިތުންވެލި ނައިރާ ކަބަޑުމަތީ ފެންފުޅި ބަހައްޓާފައި ބަދިގެ ފަރާތުން ނިކުމެގެން ދިޔައެވެ. އެ ދިމާ ބަލަން އިނދެފައި އަރުފީނު އޭނާގެ ކައިރީ މޭޒު މަތީ އޮތް ފޯނު ނަގާ ރުހައިލަށް މެސެޖުކުރިއެވެ.
“ބަލީތަ؟ ނޫނީ އަހަރެންދެކެ ހިތްހަމަނުޖެހިފަތަ؟” ފޯނަށް އައި މެސެޖު ރުހައިލު ކިޔާލިއެވެ. އެއާއެކު ބޭއިޚްތިޔާރުގައި ފޯނުގެ ކީބޯޑުގައި އިނގިލިތައް ހިންގާލިއެވެ. ނަމަވެސް މެސެޖު ފުރިހަމަ ނުވަނީސް ލިޔުނު އެއްޗެއް ފޮހެލާފައި ފޯނުގެ އިސްކުރީނު ނިއްވާލިއެވެ.
“ކީއްވެތަ ވާހަކަނުދައްކަނީ، ރުހައިލުގެ ފަރާތުން ޖަވާބެއް ލިބެންދެން އަހަރެން މިހެން އުނދަގޫކުރާނަން” އަރުފީނުގެ ދެވަނަ މެސެޖާއެކު ރުހައިލުގެ ފޯނުގެ އިސްކުރީނު ދިއްލުނެވެ. ފޯނަށް ބަލާލުމާއެކު ރުހައިލު މެސެޖު ކިޔާލިއެވެ.
“އަހަރެންގެ ކޮޓަރިއަށް މިހާރު މިވަގުތު އަރުފީނު އާދޭ” ރުހައިލު ފޮނުވި މެސެޖު ކިޔާލުމާއެކު އަރުފީނު އަނގަށްލީ އެތިކޮޅު ކަރުގައި ތާށިވިއެވެ. ދެ ފަހަރަކު ކެއްސާލުމާއެކު ފެންފޮދެއް ބޯލާ ކަރުތެރެ ހަމަޖައްސާލާފައި އަނެއްކާ ވެސް އަރުފީނުގެ ފޯނަށް ލިބިފައި އޮތް މެސެޖު އޭނާ ކިޔާލިއެވެ.
“އަމުރެއްތަ؟ ކީއްކުރަން ތިކޮޓަރިއަށް ދާންވީ، މިގަޑީގައި އެންމެން އެބައުޅޭ ގޭގައި، މީހަކަށް ފެނިއްޖެއްޔާ ކަމަކު ނުދާނެ، އެހެންނޫނަސް އެއީ ރަނގަޅުގޮތެއްނޫން، ކަމަކާ ހިތްހަމަނުޖެހިފަތަ ތިހުރީ، އަހަރެން ގުޅަންތަ؟” ވިސްނާލާފައި އަރުފީނު ރުހައިލަށް މެސެޖެއްލިޔެ ފޮނުވާލިއެވެ.
“އަހަރެން މިއޮއް މޮޔަވަނީ… އަހަރެން މިވަގުތު ބޭނުންވަނީ އަރުފީނު މިކޮޓަރީގައި އަހަރެންގެ ގާތުގައި ހުންނަން، ޕްލީޒް…” ރުހައިލުގެ މެސެޖު އަރުފީނު ކިޔާލާފައި ދެބުމަ ކައިރިކޮށްލިއެވެ.
“މީ ފިސާރި ގޮތްދޫނުކުރާ ފިރިހެނެއް، މޮޔަވިޔަސް އަހަރެން ކިހިނެއްތަ އެކޮޓަރިއަށް ވަންނަން ދާނީ، އެކަން ނޭނގިގެންނެއްވެސް ނޫނޭ އެއުޅެނީ، ޝާރުދާ ދައްތައަށް ފެނުމަށްވުރެ މަލީކުބެއަށް ފެނިއްޖެއްޔާ މަގޭ ދުވަސްދާނެ” މޭޒުމަތީ ފޯނު ބާއްވަމުން އަރުފީނު ބުނެލިއެވެ. އަދި ތަށި ހިފައިގެން ސިންކުގެ ކައިރިއަށް ދިޔައެވެ.
ކައިގެން ކޮޓަރިއަށް އައިސް އަރުފީނު އެނދުގައި އޮށޯވެލީ އަރާމުކޮށްލާށެވެ. ނަމަވެސް ސިކުނޑިއަކަށް އަރާމެއް ނުލިބުނެވެ. އޭނާއަށް ވިސްނެމުންދިޔައީ ރުހައިލާ މެދުއެވެ. އެންމެންގެ ތެރެއަށް ރުހައިލު ނިކުމެ ނޫޅެންވީ ސަބަބެއް އޭނާއަކަށް ނުވިސްނުނެވެ. ހިތަށް ކުޅަދާނަ ނުވެގެން އަރުފީނު، ރުހައިލުގެ ފޯނަށް ގުޅިއެވެ.
“ހެލޯ… ބަލިވެގެންތަ ތިއުޅެނީ، ޕްލީޒް ރުހައިލު، ސަކަރާތްނުޖެހާ ސީރިއަސްކޮށް ބުނެބަލަ” އަރުފީނު އާދޭސްކޮށްގަތެވެ.
“އަހަރެން ބޭނުންވާކަންތައް ނުވުމީ، އަހަރެން ބަލިވުމެއްނު” ރުހައިލު ބުނެލިއެވެ.
“ކޮންކަމެއްތަ ނުވެގެން ތިއުޅެނީ، ބުނީމަތާ އެނގޭނީ ވެސް، އޭރުން އަހަރެން ކޮށްދީފާނަން” އަރުފީނު ބުންޏެވެ.
“އަރުފީނަށް ތިއުޅެނީ އަހަރެންގެ ކޮޓަރިއަށް ވެސް އަންނަން ނުކެރިގެން، ދެން ކިހިނެއް އަހަރެން ބޭނުންވާކަމެއް ކޮށްދެވޭނީ” ރުހައިލު ބުނެލިއެވެ. އަރުފީނު އިތުރަށް އެއްޗެއް ނުބުނުމުން ރުހައިލު ވާހަކަދައްކަން ފެށިއެވެ.
“އަހަރެން ކިހިނެއް ސަފަރުދެކެ ރުޅި އަންނާނީ، އެއަށްވުރެ… ދެން އަޅާނުލާ، މިރޭ ޓެރެސްއަށް އަންނާނަންތަ؟ އަހަރެން އިންތިޒާރު ކުރާނަން” ރުހައިލުގެ އަޑު ކުއްލިއަކަށް ބަދަލުވެގެން ދިޔަކަން އަރުފީނަށް ނަގައިގަނެވުނެވެ. އެ އަޑުގައި ހުރި މޮޅިވެރިކަމެއްގެ ސަބަބުން ވަގުތުން ރުހައިލު ދުށުމަށް އަރުފީނުގެ ހިތް އެދެން ފެށިއެވެ. ފޯނުކޯލު ރުހައިލު ކަނޑާލުމުން އަރުފީނު އިރުކޮޅަކު ކޮޓަރީގައި ވިސްނަން އިނދެފައި އައިސް ދޮރުހުޅުވާލީ ރުހައިލުގެ ކޮޓަރިއަށް ދިއުމަށް ނިންމައިގެންނެވެ.
“ސޮރީ…ސޮރީ… މިއައީ އަރުފީނަށް ގޮވަންވެގެން” އަރުފީނު ދޮރުހުޅުވާލުމާއެކު ނައިރާއަށް ޓަކިޖެހުނީ އަރުފީނުގެ ނިތްކުރީގައެވެ.
“އިޓްސް އޯކޭ…” ނިތްކުރީގައި ފިރުމާލަމުން އަރުފީނު ބުންޏެވެ. އޭނާއަށް އެއްޗެއް ނުބުނެވިގެން އުޅެނިކޮށް ނައިރާ ހީނލާފައި އަރުފީނުގެ އަތުގައި ހިފައިގެން ބަދިގެއާ ދިމާއަށް ދިއުމަށް ހިނގައިގަތެވެ. އަރުފީނު، ރުހައިލުގެ ކޮޓަރިއާ ދިމާއަށް ބަލާލަފައި ނައިރާއާއެކު ހިނގައިގަތީ އޭނާ ކުރަން އުޅޭ ކަންތައް އެވަގުތު ނުވާނޭކަން އެނގޭތީއެވެ. ޚާއްޞަކޮށް ނައިރާ ގޭގައި އުޅެނިކޮށް ރުހައިލުއާ ބައްދަލުކުރުން ފަސޭހަކަމަކަށް ނުވާނެއެވެ.
“ރުހަ… ރުހައިލު ކޮބާ” ލިފްޓުގައި ހުރެފައި އަރުފީނު، ނައިރާގެ ގާތުން އަހާލިއެވެ.
“އޭނާ އުޅެނީ ލޫސްމޯޝަންވެގެން، ނިދާފަ އޮތީ… ޝާރުދާ އާންޓީ ބުނި ހެނދުނު ވެސް އޯކޭ އޯ، ނުގުޅޭ އެއްޗެއް ގެއަކުންނެއް ނުކަޔޯ، ދެން ނޭނގެ، ލަޒާނިޔާ ހެދީމަ އަންނާނެ ކާން، ބަލައްޗޭ…” ނައިރާ ބުނެލިއެވެ. އެއާއެކު އަރުފީނު ހައިރާންވީ ރުހައިލު އޭނާގެ ގާތުގައި އެކަހަލަ ވާހަކައެއް ނުބުނާތިއެވެ. ބަލިވީތޯ އެހުމުން ވެސް ރުހައިލު އެ ސުވާލަށް ޖަވާބެއް ނުދެއެވެ.
އެންމެން އެކުގައި ބަދިގެ ފަރާތުގައި އުޅުނުއިރު، މިލާން، އަރުފީނަށް ބަލާގޮތް ތަފާތުކަން އަރުފީނަށް ފާހަގަކުރެވުނެވެ. ޚުދު އޭނާ އަމިއްލައަށް ވެސް ވިސްނޭގޮތުގައި އެމީހުންނާއެކު އަރުފީނު އުޅުމަކީ އޭނާގެ ފެންވަރެއް ނޫނެވެ. ޔުނިވަރސިޓީއިން މިލާން ފެނުނު ފުރަތަމަ ފަހަރު ވެސް އެނާ އަރުފީނާ މެދު ދުށީ ތަފާތު ނަޒަރަކުންނެވެ. އެ ބެލުން ބަދަލެއް ނުވެއެވެ. މިހާރު އަދިވަކިން މިލާން ހީވަނީ އަރުފީނު ދެކެ ހިތްހަމަނުޖެހިފައި ހުންނަހެންނެވެ. ނައިރާ، އަރުފީނާ ވާހަކަދެއްކިޔަސް މިލާން ބަލަނީ އަވަހަށް އެހެން ވާހަކައެއް ފަށާ ނައިރާގެ ސަމާލުކަން ހޯދޭތޯއެވެ. އަރުފީނު ބާކީކޮށްލެވޭތޯއެވެ.
ހަވީރު ސައިގައި ޢާއިލާ އެންމެން ބައިވެރިވިއެވެ. އެ މޭޒު ދޮށުގައި އަރުފީނު ވެސް އިނެވެ. މަލީކު އިނީތީ ރުހައިލު ވެސް އައިސް ކާމޭޒު ދޮށުގައި އިނެވެ. މަލީކުގެ ނަޒަރު އަރުފީނަށާއި ރުހައިލަށް ހުއްޓޭލެއް ގިނައެވެ. އަރުފީނު އިސްޖަހާލައިގެން އިނެއްކަމަކު ރުހައިލު، އަރުފީނަށް ބަލާވަރު މަލީކަށް ފާހަގަކުރެވުނެވެ. އޭނާގެ ބޮލުގެ ރިހުމަކަށް އަރުފީނު ވަނީ ވެފައެވެ. ރުހައިލުގެ ސަމާލުކަން ނައިރާއަށް ހުއްޓޭނެކަމުގައި މަލީކު ހީކުރި ނަމަވެސް އެހެނެއްނުވިއެވެ. ރުހައިލުގެ ހަރަކާތްތައް އެހުރީ ރަނގަޅު މިސްރާބަކަށް ނޫންކަން މަލީކު ދެނެގަތެވެ. އޭނާއަށް އެނގޭކަމެއް އެނާގެ ހިތުގައި ބާއްވާލައިގެން އިނީއެވެ. ކާމޭޒު ދޮށުގައި އެއްޗެއް ބުނުން ރަނގަޅުނުވާނޭތީއެވެ. އަނެއްކޮޅުން އަރުފީނު އެގެއިން ނެރެވެން ވެސް ނެތީމައެވެ.
“އަހަރެން މިއަދު ޒާހިރާ ވާހަކަދެއްކިން، ކައިވެނީގެ ފޯމު ފުރާ، ރަންކިއުމުގެ ރަސްމިޔާތު ހޯމަ ވިލޭރޭ ބާއްވާގޮތަށް ނިންމައިފިން، ޒާހިރު ބުނީ ތިމާގެ މީހުންނާ ބައެއް ރައްޓެހިންނަށް ދަޢުވަތު ދޭންވާނެއޯ، އެގޭގައި ހަފުލާ އޮންނާނީ، އަހަރުމެން ފަރާތުން އަންނާނެ މީހުންގެ ލިސްޓެއް އޭނާއަށް ފޮނުވާދޭން ވެސް ބުނެފައި އޮތީ” ނިދަންތައްޔާރުވެގެން އެނދުގައި އޮތް މަލީކު ޝާރުދާއަށް ބުނެލިއެވެ.
“އެއީ މާދަމައެއް ނޫންތަ؟ ހާދަ އަވަހަކަށް؟ އަހަރުމެން ކިހިނެއްތައްޔާރުވާނީ….” ރީތިވާ މޭޒު ކައިރީ ހަތަރެސްފައި ލޯޝަންލާން އިން ޝާރުދާ ސިހިފައި ބުނެލިއެވެ.
“ގަސްދުގައި އަވަސްކޮށްލީ، ލަސްކުރުމުގެ ބޭނުމެއް އަސްލު ހަޤީޤަތުގައި ނެތެއްނު، ޒާހިރުމެން ވެސް އެގޮތާ ރުހޭ، އެއްވެސް ކަމަކާ ޝާރުދާ ހާސްވާކަށް ނުޖެހޭނެ، ރަންކިއުމުގެ ހަފުލާގެ ހުރިހާ ކަމެއް ޒާހިރު ހަމަޖައްސަނީ، ބުނީ ސަޤާފީ ގޮތަކަށޯ ބާއްވާނީ، ހުރިހާކަމެއް ހަމަޖައްސާނީ އޭނަ އޯ، މާދަމާ ރެއަށް ވާނެތީތާ ޒާހިރު އެއްބަސްވާނީ” މަލީކު ބުނެލިއެވެ.
“ރުހައިލު ގާތު ބުނަންވާނެއެއްނު، ކުއްލިއަކަށް ބުނުމަށްވުރެ ކުރިން އެނގިފައި އޮތުން މުހިންމު، ކައިވެނީގެ ވާހަކަ ވެސް މަލީކު ޢިއުލާން ކުރީ ކުއްލިއަކަށް، އެ ސޮރު ހުރީ ބުނާނެ އެއްޗެއް ނޭނގިފައި، އަނެއްކާ މިއަދު މެންދުރުން ފެށިގެން އުޅުނީ ބޭރަށް ހިންގާތީ… އަހަންނަށް ހީވަނީ ކައިވެނީގެ ކަންތައްހެން އެއީ” ޝާރުދާ ބުނެލިއެވެ.
“އެހެންތަ… އަޅެ ދޭބަލަ އޭނާއަށް ގޮވާލަން، މިކޮޓަރިއަށް ގެނެސް އެ ވާހަކަދައްކާލާނީ” މަލީކު ބުންޏެވެ. އެއާއެކު ޝާރުދާ ތެދުވެގެން ގޮސް ރުހައިލަށް ގޮވާ، އޭނާ ގޮވައިގެން އެނބުރި ކޮޓަރިއަށް އައެވެ.
“ކީކޭތޯ ބައްޕާ” ފިނިވެފައި ހުރެ ރުހައިލު އަހާލިއެވެ. އޭރު ލައިގެން ހުރި ސޯޓުގެ ދެ ޖީބުގައި އަތްތިލަ މުއްކަވާލެވިފައި އޮތެވެ. މަލީކު ބުނަން އުޅޭ އެއްޗަކުން އޭނާއަށް ވެދާނެ ގޮތަކަށް ތައްޔާރުވެގެން ހުރި ކަހަލައެވެ.
މަލީކު ރަންކިއުމުގެ ރަސްމިއްޔާތުގެ ވާހަކަ ރުހައިލަށް ކިޔައިދިނެވެ. ކަންތައްކުރަންޖެހޭނެ ގޮތް ވެސް ބުނެދިނެވެ. ދާންވީ ގަޑިއާ ހުރިހާ ކަމެއް މަލީކު ދަރިފުޅަށް އޮޅުންފިލުވައި ދިނެވެ. އޭރު ރުހައިލުގެ މޫނުމައްޗަށް އަރާ ފައިބަމުން ދިޔަ ކުލަވަރު މަލީކަށް ސާފުކޮށް ފެންނަމުން ދިޔައެވެ. ރުހައިލު އިސްޖަހާލި ނަމަވެސް މަލީކަށް އެއްވެސް ކަމެއް ސިއްރެއް ނުވިއެވެ.
“ބައްޕަ މި ދެއްކި ވާހަކަ ސާފުވެއްޖެތަ؟” މަލީކު ޔަޤީންކޮށްލިއެވެ. އެއާއެކު އިސްޖަހައިގެން ހުރި ރުހައިލު ބޮލުން އިޝާރާތްކޮށްލީ އާނއެކޭ ބުނުމަށެވެ. އެކޮޓަރިން ދިޔަޔަސް އެންމެ ރަނގަޅުކަމުގައި މަލީކު ބުނުމުން ހަރުކޮށް ހިނގާފައި ރުހައިލު އަވަސްއަވަހަށް ނިކުތެވެ.
ކޮޓަރިއަށް އައިސް ވަނދެ އެނދުގައި ރުހައިލު އިށީނެވެ. އެވަގުތު އެނދުން ވެއްޓިފައި އޮތް ކުޑަ ބަލީސް ފެނުނެވެ. އެ ނެގިގޮތަށް ނަގާ ދެއަތުން ހިފާ އޭގެ ފޮތިގަނޑު އިރާލިއެވެ. އެވަރުން ހިތްހަމައެއް ނުޖެހުނެވެ. އެނދުގައި އޮތް ކުޑަ ބާލީސް ވެސް ނަގާ އިރާލިއެވެ. ދެ ކޮޅަށް ހިނގަންފެށިއެވެ. ހިނދުހިނދުކޮޅުން ނިތްކުރީގައި އެއްއަތުން ހިފަހައްޓާލައެވެ. ރުޅި އައިސްގެން ކަމެއް ނޫނީ ދެރަވެގެން ކަމެއް އޭނާގެ ޢަމަލުތަކުން ނޭނގެއެވެ. ގޯތިތެރެ ފެންނަ ގޮތަށް ހުރި ކުޑަދޮރުގެ ކައިރީ އައިސް ރުހައިލު ހުއްޓިލިއެވެ. ފުންނޭވާތަކެއް ލަމުން ދިޔައީ މީހާ ހަމައަކަށް އެޅުވުމަށެވެ. ނަމަވެސް ކުއްލިއަކަށް މުއްކަވާލާފައި އޮތް ކަނާތުން ކުޑަދޮރުގެ އަރިމަތިން ފާރުގައި ޖެހިޖެހީނުން އިނގިލިތަކުން ލޭކުލަ ފާޅުވެގެން ދިޔައެވެ. ދެލޯ މަރާ ބާރުކޮށްލުމާއެކު މުއްކަވާލާފައި ފާރުގައި ޖެހި އަތުގައި ނިތްކުރި ގެނެސް ޖައްސާލިއެވެ. ގިނައިރެއްނުވެ ދެން އިވުނީ ރުހައިލު ނޭފަތް ދަމާލިއަޑެވެ. އަދި ފެނިގެން ދިޔައީ ކޯތާފަތުންލާފައި ތިރިއަށް ފުރޮޅެމުން އައި ކަރުނަތިއްކެވެ. ތިރީގައި އޮތް ކާޕެޓުމައްޗަށް ކަރުނަތިކި ވެއްޓުމުގެ ކުރިން އަވަސްއަވަހަށް ދެއަތުން މޫނު ފޮހެލިއެވެ. ދަތްތައް ބާރުކޮށްލައިގެން ހުރެ އައިސް އެނދުމައްޗަށް ރުހައިލު ވެއްޓިގަތެވެ.
“އިންތިޒާރުގައި ހުންނާނަމެ ބުނީމެއްނު، އަހަރެން މިހިރީ ޓެރެސްގައި، އެކަމަކު އަހަރެންގެ އިންތިޒާރުގައި މިތާކު އެކަކު ވެސް ނެތް” މޫނު ފޮރުވާލައިގެން އޮތް ރުހައިލުގެ ފޯނަށް މެސެޖެއް އައުމުން އޭނާ ބޯހިތްލާލާ ފޯނަށް ބަލާލިއެވެ. އަރުފީނުގެ މެސެޖު ކިޔާލުމުން އޭނާގެ ހިތަށް އިތުރަށް ތަދުވިއެވެ.
“މިއަދު އަހަންނަށް ހަމައެކަނި ކުރެވޭނެ ކަމަކީ އިންތިޒާރު ކުރުން، އަރުފީނަކަށް ނުވިސްނޭނެ” އެނދުގައި ތެދުވެ އިށީންނަމުން ފޯނަށް ބަލަހައްޓައިގެން އިނދެ ރުހައިލު ބުނެލިއެވެ.
ރެއިލިންގައި އަތްއަޅުވާލައިގެން ހުރި އަރުފީނު ސިއްސައިގެން ދިޔައީ ފަހަތުން ދާދި ގާތުގައި މީހަކު ހުރިކަމުގައި ހިލަމެއް ވެގެންނެވެ. ކަނދުރާއަށް އެމީހެއްގެ ހޫނު ނޭވާގެ އިހުސާސް ވެގެންނެވެ. އެނބުރެން އުޅުމުން ކުއްލިއަކަށް އެމީހަކު އަރުފީނުގެ ދެއަތުގައި ހިފެހެއްޓިއެވެ. އަރުފީނުގެ ކަންފަތް ދޮށުގައި ވައިއަޑުން އޭނާގެ ނަންކިޔާލުމާއެކު އެއީ ރުހައިލުކަން އެނގުނެވެ.
“ރުހައިލު…” ރުހައިލު މާކައިރީގައި ހުރުމުން އަރުފީނު އެއްޗެއް ބުނަން އުޅުނު ވަގުތު އެކަން ރުހައިލު ހުއްޓުވިއެވެ.
“ޝްޝް…. ޕްލީޒް…” ރުހައިލު މިހެން ބުނުމާއެކު އަރުފީނުގެ އުނަގަނޑުގައި ދެއަތް ވަށާލާ އޭނާ ގެނެސް ގައިގާޖައްސާ ބާރުކޮށްލިއެވެ. އަދި އަރުފީނުގެ ކަނދުރާއާ ދިމާލުގައި މޫނުފޮރުވާލަމުން ކޮނޑުގައި ބޯއަޅާލިއެވެ. އެހިނދު ބޭއިޚްތިޔާރުގައި އަރުފީނަށް އޭނާގެ ހަށިގަނޑު ރުހައިލުގެ އަތުގެތެރެއަށް ދޫކޮށްލެވުނެވެ. އަދި އުފުލާލި އަތުން ރުހައިލުގެ ބޮލުގައި ހިފަހައްޓާލެވުނެވެ. އަރުފީނުގެ އެ އިޝާރާތާއެކު ކުރިއަށްވުރެ ވެސް ރުހައިލު އޭނާގެ އަތުގެތެރޭ އަރުފީނު ބާރުކޮށްލިއެވެ.
“ރުހައިލު…” އަރުފީނަށް އަމިއްލަ އިހުސާސްތައް ނުހިފޭއްޓިދާނޭހެން ހީވުމާއެކު ހިތުގައި އަތްއަޅާލަމުން ރުހައިލަށް ގޮވާލިއެވެ.
“އަރުފީން ޕްލީޒް، އަހަރެން މިހެން ހުރެ ދީބަލަ، ހަމައެކަނި މިރޭ…. ޕްލީޒް…. މިރޭ އަހަންނާ ދުރަށް ނުގޮސްފާނަންތަ، ދެން ދުވަހަކުވެސް މިހާ ގާތުގައި ހުންނާކަށް ނޭދޭނަން… ޕްލީޒް…” ރުހައިލުގެ އަޑުގައި ހުރި ތުރުތުރު އަރުފީނަށް ހާސްކަމެއް ގެނުވިއެވެ. ނަމަވެސް ހަށިގަނޑުގައި ދުވަމުންދިޔަ ރާޅުބާނިތަކާއެކު އަރުފީނުގެ ނޭވާ ފުންވާން ފެށީ ވެސް ހަމަ ރުހައިލުގެ ސަބަބުންނެވެ. އަރުފީނުގެ ކޯތާފަތާއި ކަރުދޮށުގައި ރުހައިލުގެ ހޫނުނޭވާތަކާއެކު ތުންފަތުގެ ބީހުން އިހުސާސްވާން ފެށުމުންނެވެ. ބެހިގެން ދާކަމުގެ އިހުސާސް އަރުފީނަށް ކުރެވެމުންދިޔައެވެ. މަޑުމަޑުން ދެލޮލުގެ ވަރުދޫވެ މެރެމުންދިޔައެވެ. އަރުފީނުގެ ހިތުގައި ފޮރުވައިގެން ހުރި ލަފުޒުތައް ދުލުގެ ކުރިއަށް އަންނަންފެށިއެވެ. ހީވީ ފުންވެގެންދާ ކޮންމެ ނޭވާއަކާއެކު ހިތް ހުޅުވެމުންދިޔަހެންނެވެ. ކުރިން އޮތް ޖެހިލުންވުމާއި ބިރު ފިލަމުން ދިޔަ ހެންނެވެ.
“ރުހައިލު… އައި… އައި…” އަރުފީނަށް ފުރިހަމަ ނުކުރެވިގެން އުޅެނިކޮށް ރުހައިލު އޭނާގެ އަނގަމަތީ އަތްއެޅިއެވެ. އަދި މަޑުމަޑުން އަރުފީނުގެ އުނަގަނޑުން އަތްދޫކޮށްލުމާއެކު އަމިއްލަ ނަފުސުގެ މައްޗަށް ބާރުފޯރުވިއެވެ.
“އައި އެމް ގެޓިންގ މެރީޑް…” އަރުފީނުގެ ފުރަގަހުގައި މަޑުކޮށްލައިގެން ހުރިގޮތަށް ހުރެ ރުހައިލު ބުންޏެވެ. އެއަޑު އިވިފައި އަރުފީނަށް ހީވީ އޭނާގެ ހިތް މީހެއްގެ މުށުތެރެއަށްލާ ފިތާލިހެންނެވެ. ދެލޯ މަރާ ބާރުކޮށްލުމާއެކު ދެބުމަ ކައިރިވެގެންދިޔައެވެ.
“ތިހެދީ ތެދެއްތަ؟ މިވަގުތު ސަމާސާކުރާކަށް އަހަރެން ބޭނުމެއްނޫން” އަރުފީނުގެ އަޑުގައި ހުރި ސީރިއަސްކަން ރުހައިލަށް ވެސް ފާހަގަވިއެވެ.
“އަހަރެން ވެސް ސަމާސާކުރާކަށް ބޭނުމެއްނޫން…” ރުހައިލު ބުނެލިއެވެ. އެހިނދު އަރުފީނުގެ މޫނުމަތިން ހީވީ އޭނާ ބޮޑު ވޭނެއް ތަހައްމަލު ކުރަމުން ދިޔަ ހެންނެވެ. ހަމައެއާއެކު ރުހައިލާ ދުރަށް އޭނާ ހިނގައިގަތެވެ. އަރުފީނުގެ އަތުގައި ހިފުމަށް ރުހައިލު އުޅުނު ނަމަވެސް އޭނާގެ އަތުގައި ނުޖެހި ރެކުނެވެ.
“އަރުފީނު” އަރުފީނު ހިނގައިދާނޭތީވެ ރުހައިލަށް އޭނާއަށް ގޮވާލެވުނެވެ. އަނގައިން ބުނުމެއްނެތި އަރުފީނު މަޑުމަޑުން އައިސް އުނދޯލީގައި އިށީނެވެ. އިސްޖަހާލައިގެން އިނުމުގެ ސަބަބުން ރުހައިލަށް އަރުފީނުގެ މޫނު ފެންނަގޮތެއް ނުވިއެވެ. އެހެންނަމަވެސް އޭނާ އައިސް އަރުފީނުގެ ގާތުގައި އުނދޯލީގައި އިށީނެވެ. ހަމަހިމޭންކަމުގައި ދެމީހުން އުނދޯލީގައި އިރުކޮޅަކު ތިއްބެވެ.
“އާކައިވެންޏަށް މަރުޚަބާ” ފުންނޭވާއަކާއެކު ލޮލުގައި ޖަމާވަމުންދިޔަ ކަރުނަތައް ހިންދާލަމުން އަރުފީނު ގަދަކަމުން ވާހަކަދެއްކިއެވެ.
“އަހަރެން އަދި ކައިވެނިކުރާކަށް ބޭނުމެއްނޫން، އެކަމަކު ކައިވެނި އޮތީ ހަމަޖެހިފައި” މަޑުމަޑުން ރުހައިލު ބުނެލިއެވެ. އަދި އަރުފީނުގެ އަތުގައި ހިފާ ބާރުކޮށްލަމުން ރުހައިލު އޭނާއަށް ބަލާލީ ވަރަށް ވެސް އަސަރާއެކުއެވެ. ހީވީ އެ ހިތުގައި އޮތް އެއްޗެއް އަރުފީނުގެ ގާތުގައި ނުބުނިކަމުގައި ވިޔަސް އެނގެން ބޭނުންވާ ހެންނެވެ.
“ވާހަކަދައްކަބަލަ، އަރުފީނު… އަހަރެންދެކެ… އަހަރެންދެކެ އަރުފީނު ލޯބިވޭތަ؟” ދުވަހަކުވެސް ރުހައިލު ފަސްނުޖެހޭވަރަށް ފަސްޖެހިފައި އިނދެ އަހާލިއެވެ. ހަމައެހިނދު އަރުފީނަށް ހީވީ އިށީނދެ އިންތަނުގައި ތޫނު ކަށްޓެއް އިން ހެނެވެ. ފުންމައިގެން ތެދުވި ގޮތަށް އުނދޯއްޔާ ދުރަށް ދެތިން ފިޔަވަޅު އަޅާލަމުން ރުހައިލަށް ފުރަގަސްދިނެވެ.
“ނުވޭ… އަހަރެންނުވޭ ލޯތްބެއް….” އަރުފީނު މިހެންބުނިއިރު އޭނާގެ ކޯތާފަތް ރަނގަޅަށް ވެސް ތެމިއްޖެއެވެ. ދުލުން ބޭރުވީ ތެދެއްނޫނެވެ. ހިތުގައި އެޅި ވޭނާއެކު އެހިތް ރޮއިގަތުމުން ހިފެހެއްޓުމެއްނެތި ދެލޮލުން ކަރުނަ އައީ އެހެންވެއެވެ. އަމިއްލަ ޟަމީރަށް އޮޅުވާލަން ބޭނުންވިޔަސް އަރުފީނުގެ ހިތް އެކަމަށް އެއްބާރުލުމެއްނުދެއެވެ. ސިކުނޑި ވަނީ ހިތާއި ދެކޮޅަށް ބޮޑު ހަނގުރާމައެއް ފަށާފައެވެ. ރުހައިލުގެ ކައިވެންޏަށް ހުރަސް ނޭޅުމަށް ސިކުނޑި ވިސްނައިދެމުންދިޔައެވެ.
“ނޫން، އަހަރެން ޤަބޫލެއްނުކުރާނަން، އަރުފީނު އަހަރެންދެކެ ލޯބިވޭ، އަހަންނަށް އެކަން އެނގޭ… އަހަރެން… އަހަރެން ވެސް ވަރަށް ލޯބިވޭ އަރުފީނުދެކެ” ރުހައިލު މިހެން ބުނަމުން އުނދޯލިން ތެދުވިއެވެ. އެކަން އަރުފީނަށް އެނގުމާއެކު އަނެއްކާ ވެސް އޭނާ ޖެހިލީ ރުހައިލާ ދުރަށެވެ. އަދި އަވަސް އަވަހަށް ދެއަތުން ލޯ ފޮހެލުމާއެކު ދެ ލޯ މަރާބާރުކޮށްލަމުން ފުންނޭވާތަކެއް ލަމުންދިޔައެވެ. ރުހައިލަށް އޭނާގެ ހިތަށްކުރާ އަސަރު ފެންނާކަށް އެއްގޮތަކަށް ވެސް އަރުފީނު ބޭނުމެއްނުވެއެވެ. އަމިއްލަ ނަފުސު ހަމަޖައްސާލުމަށް އޭނާ މަސައްކަތް ކުރަމުންދިޔައެވެ.
“އަހަރެން ލޯބިވޭ އަރުފީނުދެކެ…” ރުހައިލު އައިގޮތަށް އައިސް އަރުފީނުގެ އަތުގައި ދެފަރާތުން ހިފާ އޭނާއާ ކުރިމަތިލާން އަރުފީނަށް މަޖުބޫރުކުރުވިއެވެ.
“ރުހައިލު ލޯބިވިޔަސް އަހަރެން ލޯތްބެއްނުވޭ… މިބުނީނު ނުވެޔޭ… ކީއްވެތަ މަޖުބޫރުކުރުވަން ތިއުޅެނީ… އަހަރެން ބުނީމަ ޤަބޫލުކުރަންވީނު” ތެޅިގަނެފައި ރުހައިލުގެ އަތްނައްޓުވާލަމުން އަރުފީނު މިފަހަރު ވެސް ދިޔައީ ރުހައިލާ ދުރަށެވެ.
އަރުފީނަށް އިތުރަށް މަޖުބޫރުކުރާކަށް ރުހައިލު ބޭނުމެއްނުވިއެވެ. އެކަމަކު އޭނާ ހުރީ ނޭނގުމެއްގެ ތެރޭގައެވެ. އަރުފީނު އޭނާ ދެކެ ލޯބިވާކަން ހާމަކުރަން ބޭނުންނުވަނީއެއް ކަމެއް، ނޫނީ ހަޤީޤަތުގައި ވެސް އަރުފީނު ރުހައިލު ދެކެ ލޯބި ނުވަނީކަމެއް ނޭނގިފައެވެ. އޭނާ އަރުފީނަށް ލޯބި ހުށަހެޅީ އަރުފީނުގެ ހިތުގައި ވެސް ލޯބި އޮތްކަން ޔަޤީންކުރެވިގެންނެވެ. އަރުފީނަށް ބަލަން ހުރެފައި ރުހައިލު އަނެއްކާ ވެސް އައިސް އަރުފީނުގެ ގާތުގައި ހުއްޓުނެވެ. މިފަހަރު އަރުފީނުގެ ގަޔަކު އަތެއްނުލައެވެ.
“އަހަރެން ލޯބިވުމަކީ އަރުފީނު އަހަރެންދެކެ ލޯބިވާންޖެހޭ ސަބަބެއްނޫން، އެކަމަކު އަރުފީނު ހަނދާންކުރާތި، ތިއަށްވުރެ އަހަރެން ލޯބިވާނެ އެހެން އިންސާނަކު މިދުނިޔެ މައްޗަކު ނުހުންނާނެ، އަހަރެންގެ ފަރާތުން އަރުފީނަށް ލިބިފައިވާ ހުރިހާ އަނިޔާއަކަށް އަހަރެން މާފަށް އެދެން، މިވީ ކަންތަކުގެ ސަބަބުން އަހަރެންގެ އެކުވެރިޔާ އަހަންނަށް ގެއްލޭކަށް ނޭދެން… ޕްލީޒް… ސޮރީ…” ރުހައިލު، އަރުފީނުގެ ދަތްދޮޅީގައި ހިފާ އެމޫނު އުފުލާލިއެވެ. ރުހައިލުގެ ދެލޮލުގެ ތެރެއަށް ގެއްލި ހުރެ އަރުފީނު މަޑުމަޑުން ބޯޖަހާލިއެވެ.
“އަހަރެންގެ އެކުވެރިއެއްގެ ހައިސިއްޔަތުން އަހަންނާ ވާހަކަދައްކާލަން މަޑުކޮށްލެވިދާނެތަ” ރުހައިލު އަހާލިއެވެ. ދެން ވެސް އަރުފީނު އާނއެކޭ ބުނީ ބޮލުގެ އިޝާރާތުންނެވެ. ރުހައިލު އުނދޯއްޔަށް އިޝާރާތްކޮށްލުމުން އަރުފީނު އައިސް އެތަނުގައި އިށީނެވެ. އޭނާއާ ޖެހިގެން ރުހައިލު އިށީނެވެ.
“ރުހައިލު…” ސިހިފައި ކުއްލިއަކަށް ރުހައިލުގެ ކަނާތުގައި އަރުފީނު ހިފިއެވެ.
“އައުޗް…” ރުހައިލަށް ތަދުއިހުސާސްވީ ދެނެވެ.
“ލޭ އައިސްފަ މިހިރީ… ކީއްކުރަން އުޅެނިކޮށް މިހެންވީ” ކަންބޮޑުވެފައި އަރުފީނަށް ބުނެލެވުނެވެ. ރުހައިލަށް ލިބިފައިވާ އަނިޔާފެނި އަރުފީނުގެ ހިތުގެ އިހުސާސްތައް ފޮރުވަން ކުރި މަސައްކަތް މަތިން ހަނދާންނެތުނު ކަހަލައެވެ. އަނގައިން ވެސް ނުބުނެ ރުހައިލު އިނީ އަރުފީނުގެ ހަރަކާތްތަކަށް ބަލާށެވެ.
“ލޯބިވޭ… ވަރަށް ލޯބިވޭ… ދެން ކީއްވެ އަރުފީނު ނުބުނަންތިއުޅެނީ…” އަމިއްލަ ހިތާ ރުހައިލު ވާހަކަދެއްކިއެވެ.
“ހިނގާ އަތުން ލޭތައް ސާފުކުރަން” އަރުފީނު ރުހައިލުގެ އަތުގައި ހިފައިގެން ހުރެ ތެދުވިއެވެ. ރުހައިލު ހުރީ އަރުފީނު އޭނާ ލައްވާ ކުރުވާ ކޮންމެ ކަމެއް ކުރަން ތައްޔާރަށެވެ.
ބަދިގެ ފަރާތަށް އައިސް ކަބަޑުތައް ހާވާލާފައި ފަސްޓްއެއިޑް ފޮށި އަރުފީނު ނެގިއެވެ. އަދި ރުހައިލު ގޮވައިގެން އައިސް ސިންކަށް އަތްދިއްކޮށްލައިގެން ހުރެ ފެނުން ސާފުކޮށްލާފައި އޭނާގެ އަތުގައި ބޭސް އުނގުޅައިދޭން ފެށިއެވެ. ވަރަށް ފަރުވާތެރިކަމާއެކުއެވެ. އެ ހުރިހާއިރު އެންމެ ސިކުންތަކަށް ވެސް ރުހައިލުގެ ނަޒަރު އަރުފީނުގެ މޫނާ ވަތްކެއް ނުވެއެވެ.
“ސޯ ލެޓްސް ކިސް އެންޑް މޭކްއަޕް…” ރުހައިލު ބުނެލިއެވެ.
“އޯކޭ…” އަރުފީނު ބުނެލިއެވެ. އޭރު ވެސް އޭނާ މަސައްކަތްކުރީ ރުހައިލަށް ނުބެލުމަށެވެ.
“ދެން ކަމް އެންޑް ކިސް މީ” ރުހައިލު މިހެން ބުނެލުމާއެކު އަރުފީނު އިންތަނުން ތެދުވިއެވެ. އަދި ފަސްޓްއެއިޑް ފޮށި ގެންގޮސް ކަބަޑަށް ލާފައި ރުހައިލަށް ބަލާލިއެވެ.
“މިހާރު ތިއުޅެނީ ބުނި އެއްޗެއްގެ މާނަ އޮޅުވާލަން…” އަރުފީނު ބުނެލިއެވެ.
“ސަމާސާ ވެސް ނުކުރަންވީތަ؟ އެންމެ ރެއަކުން ހާދަ ދުރެއް ތިކޮށްލީ” ރުހައިލުގެ އަޑުން އޭނާ ސަމާސާ ކުރާހެން އަރުފީނަށް ހިޔެއްނުވެއެވެ. އެ ދެލޮލުގައި ވަނީ އަރުފީނުގެ ހިތް ތޮރުފާލާހާ ތޫނުކަމެކެވެ. ދުރަށް ދާން މަސައްކަތްކުރަނީ ރުހައިލުގެ އެންމެ ބީހުލުމަކުން އަރުފީނުގެ ބުއްދިފިލާ ހިނގައިދާނެތީއެވެ. ހަމަހޭގައިނެތި ރުހައިލުގެ އެއްވެސް ކަމަކަށް ނޫނެކޭ ބުނާނޭ ހިތްވަރު އަރުފީނަކަށް ނުލިބޭނެކަން އޭނާއަށް އެނގޭތީއެވެ.
“އެންމެ ރެއަކުން ރުހައިލަށް ވެސް ހާދަ ބޮޑު ބަދަލެކޭ ތިއައީ” އަރުފީނު ބުނެލިއެވެ.
“މީ އެންމެ ރެއަކުން އައި ބަދަލެއްނޫން، އަރުފީނު…. މިރޭ އަހަރެން ނިދާލަން ބޭނުންވަނީ އަރުފީނުގެ އުނގުގައި ބޯއަޅާލައިގެން އޮވެ، އެ ފުރުޞަތު އަހަންނަށް ދީފާނަންތަ؟ ދެން ދުވަހަކުވެސް އަހަންނަށް އެ ފުރުޞަތު ލިބޭނޭކަމެއް ނޭނގެ، އެހެންވިޔަސް ހަމަ އެންމެ ފަހަރަކު…” ރުހައިލު ތެދުވިއެވެ. މަޑުމަޑުން އަރުފީނުގެ ގާތަށް އަންނަން ފެށިއެވެ. އިސްޖެހިފައި ހުރެ ބެންޑޭޖުކޮށްފައި އޮތް އަތުގައި އަނެއްއަތުން ހިފަހައްޓާލައިގެން ހުރެއެވެ. އޭނާއާ ދުރަށް ދިއުމަށް އަރުފީނު ހިނގައިގަތް ވަގުތު ރުހައިލު އަރުފީނުގެ ކޮނޑުގައި ހިފެހެއްޓިއެވެ. ފަހަތުން އައިސް އަރުފީނުގެ ކޮނޑުގައި ރުހައިލު ބޯއަޅާލިއެވެ. އެއްޗެއް ބުނަން ނޭނގިފައި އަރުފީނު ހުންނަންފެށިއެވެ.
“އައި ލަވް ޔޫ…” ރުހައިލު ބުނީ ކިތަންމެ މަޑުން ކަމުގައި ވިޔަސް އެއަޑު އަރުފީނުގެ ކަންފަތާ ހަމައަށް ފޯރިއެވެ. މަޑުމަޑުން އަރުފީނު އެނބުރިލާފައި ރުހައިލަށް ބަލާލުމާއެކު އޭނާގެ ހިތް ނުހުއްޓުނީ ކިރިޔާއެވެ. އަވަސް އަވަހަށް ދެއަތުން ރުހައިލުގެ ފެންކަޅިވެފައިވާ ދެލޯ ފޮހެލަދެމުން ދެފަރާތަށް ބޯހޫރާލިއެވެ.
“ޕްލީޒް…” އަރުފީނު ދެފަރާތަށް ބޯހޫރާލަމުން ރުހައިލަށް ބުނެލިއެވެ. ރުހައިލު، އަރުފީނު ގެނެސް ކައިރިކޮށްލިއެވެ.
“ރުހައިލު ބޭނުންވަނީ އަހަރެންގެ އުނގުގައި އޮވެގެން މިރޭ ނިދާލާކައްނު، އެވަރު ނުކޮށްދެވޭހާ ރުހައިލު ދުރެއްނުވޭ، އާދޭ އަހަންނާއެކު…” އިރުކޮޅަކު ރުހައިލުގެ ގައިގާ ބައްދާލައިގެން ހުރުމަށްފަހު އަރުފީނު ބުންޏެވެ. އަދި ރުހައިލުގެ އަތުގައި ހިފާ ދަމާލިއެވެ.
އަރުފީނު ފުރަތަމަ ދިޔައީ އޭނާގެ ކޮޓަރިއަށެވެ. ކޮޓަރިން ބޮޑު ރަޖާގަނޑެއް ހިފައިގެން އޭނާ ރުހައިލު ގޮވައިގެން އެރީ ހާމަފެންޑާއަށެވެ. އެތާނގެ ހިޔާކޮށްފައި އޮތްބައިގައި ހުރި ދިގު ސޯފާގައި އަރުފީނު އިށީނުމާއިއެކު ރުހައިލަށް އަތްދިއްކޮށްލިއެވެ. އެ އަތުގައި ރުހައިލު ހިފުމުން ގެނެސް ކައިރީގައި ބައިންދާފައި އުނގުގައި ބޯއަޅާލައިގެން އޮށޯތުމަށް އަރުފީނު އެދުނެވެ. ރޭގަނޑުގެ ފިނިން ސަލާމަތްވުމަށް ދެމީހުންގެ ގައިގާ ރަޖާ އަޅާލައިގެން އަރުފީނާއި ރުހައިލު އެކުއެކީގައި ތިއްބެވެ. އެކުގައި ހޭދަކުރެވޭ އެންމެ ފަހު ވަގުތުކޮޅު ކަމުގައި ދެ މީހުންނަށް ވެސް ހީވާ ކަހަލައެވެ. އެހެންނަމަވެސް އަރުފީނުގެ ދެލޮލަށް ބަރުވެ ނިދިޖެހިއްޖެއެވެ. ރުހައިލުގެ ވާހަކަތަކަށް ޖަވާބެއް ނައުމުން އޭނާ އަރުފީނަށް ބަލާލިއެވެ. ސޯފާގެ ލެނގޭބައިގައި ބޯއަޅާލައިގެން އެއްއަރިއަށް އިނދެ އަރުފީނަށް ނިދުނީއެވެ. ރުހައިލުގެ އިސްތަށިގަނޑާ ކުޅެމުން ދިޔަ އަރުފީނުގެ އަތްތިލަ އެއޮތް ގޮތަށް އިސްތަށިގަނޑުގެ ތެރޭ އޮތެވެ. މަޑުމަޑުން ބޯހިއްލާލަމުން ރުހައިލު، އަރުފީނުގެ އަތް އެއްފަރާތްކޮށްލިއެވެ. އަދި އަރުފީނަށް ކުޑަ ވެސް ހިލަމެއް ނުވާނޭހެން ތެދުވެ އަރުފީނުގެ ގާތުގައި އިށީނެވެ. ލޯބިން ފުރިގެންވި ބަލާލުމަކުން އަރުފީނުގެ މޫނަށް ރުހައިލު ބަލަންއިނެވެ. ބޭއިޚްތިޔާރުގައި ރުހައިލަށް އޭނާގެ މޫނު އަރުފީނުގެ މޫނާ ގާތްކޮށްލެވުމާއެކު އަރުފީނުގެ ނިތްކުރީގައި ބޮސްދިނެވެ. އަދި ނިދިފައި އޮތް ކުޑަކުއްޖަކު އަތްދަނޑިމައްޗަށް އުފުލާލާހާ ލޯތްބާއިއެކު ރުހައިލު، އަރުފީނު އުފުލާލިއެވެ.
“އިޓްސް އޯކޭ… އަހަންނޭމީ… ރުހައިލު….” އަރުފީނު ލޯހުޅުވާލުމާއެކު ވައިއަޑުން ރުހައިލު ބުނެލިއެވެ. އެހިނދު އަރުފީނު ރުހައިލުގެ ކަނދުރާގައި ދެއަތް އަޅުވާލުމާއެކު އޭނާގެ މޭގައި މޫނުފޮރުވާލަމުން ދެ ލޯ މަރާލިއެވެ. ނިދީގައި ވެސް އަރުފީނުގެ ހިތުގައިވަނީ ކީކޭކަން ރުހައިލަށް ސިއްރެއްނުވިއެވެ. ސޯފާގެ ކައިރީ ތިރީ ކާޕެޓުމަތީ އަރުފީނު ބާއްވާލުމާއެކު ސޯފާގައި ހުރި ކުދި ބާލީސްތަކުން ބާލީހެއް ނަގާ އެނާގެ ބޯދަށަށް ލައްވާލިއެވެ. އަދި އަރުފީނާ ޖެހިގެން ކުރުއަތްމައްޗަށް ރުހައިލު ވެސް އޮށޯވެލައިގެން އޮތެވެ. އަރުފީނަށް ބަލަން އޭނާ އޮތްއިރު އެސްފިޔަ ޖަހާހެން ވެސް ހިޔެއްނުވެއެވެ. އެހާ ކުޑަކުޑަ ހިނދުކޮޅަކަށް ވެސް ލޯމަތިން އަރުފީނު ވަކިވާން ނޭދޭ ކަހަލައެވެ. އެހެންނަމަވެސް ތާއްޔާޖެހެންފެށުމާއެކު އަރުފީނުގެ އުނަގަނޑުގައި ހިފާ ކައިރިކޮށްލަމުން އޭނާ ވެސް ހަމަޖެހިލިއެވެ. އެއާއެކު ނިދުނުގޮތް ވެސް ނޭނގެއެވެ. ރަޖާގެ ދަށުގައި ނިވާވެގެން ތިބިއިރު އަރުފީނުގެ ކޯތާފަތުގައި ރުހައިލުގެ ކޯތާފަތް ޖެހިފައިވެއެވެ. ދެ ހިތް ގުޅިފައިވާ ކަމުގެ ރަމްޒެއްކަމުގައި ދެ މީހުންގެ ތުންފަތަށް ނިދީގައި ތިބިއިރު ވެސް ވެރިވެފައިވާ ލުއި ހިނިތުންވުން ފުދެއެވެ.
ހާމަފެންޑާގައި ހުޅުވާފައި ހުރި ދޮރުން ވަދެގެން އަންނަ ފަތިހުގެ ފިނިފިނި ވައިރޯޅިތައް އަރުފީނުގެ މޫނުގައި ބޮސްދޭން ފެށުމާއެކު އިސާހިތަކު ހަށިގަނޑު ފިނިވާންފެށިއެވެ. މަޑުމަޑުން ލޯ ހުޅުވާލަން މަޖުބޫރުވީ އެހެންވެއެވެ. ކުޑަކޮށް ހުޅުވުނު ދެ ލޯ ބޮޑުކޮށްލެވުނީ ރުހައިލުގެ އިހުސާސް ވެގެންނެވެ. އަވަސް އަވަހަށް އޭނާއާ ދުރަށް ޖެހިލަމުން އުނަގަނޑުގައި އޮތް ރުހައިލު އަތް ނެގިއެވެ. އަދި ރަޖާގަނޑުގެ ދަށުން އޭނާ ނިކުތެވެ. ވައަތް ކުރުކޮށްލައިގެން އެ އަތްމަތީ ބޯއަޅާލައިގެން ރުހައިލަށް ނިދިފައި އޮތް ގޮތް ބަލަން އަރުފީނު އިނެވެ. އެ ތުންފަތަށް ހިނިތުންވުމެއް ވެރިވުމާއެކު އިރުއިރުކޮޅާ ތުންފަތް ދެމިޔަކަނިން ދެމިލާތަން ފެނެއެވެ. އެހެންނަމަވެސް އަރުފީނުގެ ދެ ލޯ ފުރެމުންދިޔައެވެ. ކިތަންމެ ފަހަރަކު ރުހައިލުގެ މޫނުގައި އަތްލުމަށް އަތްދިއްކޮށްލެވުނެވެ. އެހެންނަމަވެސް އެހާ ހިތްވަރެއް އޭނާއަކަށް ނުލިބުނެވެ. އެންމެފަހުން މޫނުގައި ދެއަތް އަޅާލުމާއެކު ހިތާ ޝަކުވާކުރަން ފެށި ކަހަލައެވެ. ދެއަތްތިލަ އާއި ކޯތާފަތާ ދޭތެރެއިން ކަރުނައިގެ އަސަރު ފާޅުވާންފެށިއެވެ. އެހެން އިރުކޮޅަކު އިނުމަށް އަރުފީނު މޫނު ފޮހެލާފައި ނޭފަތް އެތެރެއަށް ދަމާލިއެވެ. އަދި ފުންނޭވާއަކާއެކު އޭނާ އިންތަނުން ތެދުވެގެން ދިޔައެވެ.
ރުހައިލަށް ހޭވެރިކަމެއްވެގެން ލޯ ހުޅުވާލިއިރު އޭނާގެ ކައިރީ ހުރި ސޯފާގައި ފަޒަލް އެއްފައި މައްޗަށް އަނެއްފައި އަރުވާލައިގެން ކޮފީ މަގެއް ހިފައިގެން އިނެވެ.
“ގުޑް މޯނިންގ” ފަޒަލް ބުނެލިއެވެ. ރުހައިލަށް ހޯދާ ލެވުނީ އަރުފީނު ކޮބައިތޯއެވެ. އޭނާގެ އެ ހަރަކާތުން ފަޒަލް ވެސް ވަށައިގެން ހޯދާ ލާފައި ވާހަކަދައްކަންފެށިއެވެ.
“އަރުފީނު އެބައިން ސައިބޯން، ތި ދެމީހުން ރޭގަ މިތަނުގައި ކީއްކުރީ، އަނެއްކާ…” ފަޒަލްގެ އަޑުގައި ހުރީ ސިރިއަސްކަމެވެ.
“އަހަރުމެން ކަމެއްނުކުރަން” ރަޖާގަނޑު ގައިގާ އޮޅާލައިގެން ސޯފާގައި ލެނގިލަމުން ރުހައިލު ބުންޏެވެ.
“އާންޓީ ބުނެފި މިރޭ ނައިރާ ރަންކިޔާ ވާހަކަ” ފަޒަލް ބުނެލިއެވެ.
“އެކަން ވެސް ކުރިއަށް ދާނެއެއްނު، އަހަރެން މިދަނީ ކޮޓަރިއަށް… އަދި ނިދާލަން ބޭނުން” ރުހައިލު ހީވީ ފަޒަލްގެ ގާތުން ސަލާމަތްވާން އުޅުނުހެންނެވެ.
* * * *
ދުވަހުގެ އެއްވެސް ގަޑިއެއްގައި ރުހައިލަށް އަރުފީނެއް ނުފެނެއެވެ. ރަންކިއުމުގެ ހަފުލާ އޮތީ ރޭގަނޑުއެވެ. ގޭތެރޭގައި އެންމެން ވެސް ފެންނަނި ދިވެހިވަންތަ ހެދުންތަކުގައެވެ. ރުހައިލު، އަރުފީނަށް ގުޅިއެވެ. ގުޅުމުން ޖަވާބުދެއެވެ. އެހެންނަމަވެސް ބައްދަލުކުރާނޭ ވަގުތެއް ނުލިބުނެވެ. އަރުފީނު ޔުނިވަރސިޓީން ގެއަށް އައިއިރު އެންމެން ވެސް އުޅެނީ ރޭގެ ހަފުލާއަށް ތައްޔާރުވުމުގައެވެ. ރުހައިލު އެކަނިވެލާނެ ވަގުތުކޮޅެއް ވެސް ޢާއިލާގެ މެންބަރުން ނުދިނެވެ. އެންމެފަހުން ވަގުތު ޖެހުމުން ހަފުލާއަށް ދިއުމަށް ޢާއިލާގެ މެންބަރުންނާއެކު ރުހައިލު ނިކުތެވެ. ސިއްރުން ކުޑަދޮރު ކައިރީ ހުރެ އަރުފީނު ބަލަމުންދިޔައެވެ. އުނުގައި އެއްފޮށާ އަނދެފައި އޮތް އިރު، ރުހައިލުގެ ކަސްރަތީ ހަށިގަނޑު އޮތީ ހާމައަށެވެ. އަތުގެ މުލައްދަނޑީގައި ބަނޑިއެއް އަޅާފައި އޮތެވެ. ބޮލުގައި ވެސް ފޮށައެއް އޮޅާފައި އޮތެވެ. އޭނާގެ ގާތުގައި ހުރި ފަޒަލް ވެސް ހުރީ ހަމައެގޮތަށް ހެދުން އަޅާފައެވެ. ހީވަނީ އިހުގެ ސަޤާފަތުގެ ތެރެއިން މަންޒަރުތަކެއް ކުލަވެ ސިފަވެގެން އައިހެންނެވެ. އެއިން އެއްވެސް ކަމަކާ ނުގުޅޭ ކަމަކަށް އަރުފީނުގެ ލޮލުގެ އަޅައިގަތީ ރުހައިލުގެ އަތުގައި އޮތް ޗޭނުކޮޅެވެ. އެއީ އަރުފީނު އޭނާއަށް ދިން އުފަންދުވަހުގެ ހަދިޔާއެވެ. އަރުފީނަށް އޭނާގެ މޭގައި އަތްއަޅާލެވުނީ ހިތަށް ލިބުނު ވޭނެއްގެ ސަބަބުންނެވެ.
ގޭޓާ އަރާ ހަމަވުމުގެ ކުރިން އަރުފީނުގެ ލޯމަތިން ރުހައިލު ގެއްލިއްޖެއެވެ. އެއާއެކު ދެ ލޮލަށް ބޮނޑިވަމުން އައި ކަރުނަތަކާއެކު އައިސް އެނދުގައި އޮށޯވެ ބާލީހެއް ގެނެސް މޭގައި ޖައްސާލަމުން ލޯ މަރާލިއެވެ. އެއްފަރާތަށް ވާގޮތަށް ރޮނގު ހަދާލާފައި އަރުފީނުގެ ލޮލުން ކަރުނަ ފައިބަން ފެށުމުން ބައްދާލައިގެން އޮތް ބާލީސް ގެނެސް މޫނު ފޮރުވާލިއެވެ. އެހެން އޮއްވާ ފޯނު ރިންގުވާ އަޑުއިވުނެވެ. އެހެންނަމަވެސް ހަރަކާތެއް ނުކޮށް އަރުފީނު އޮތް ގޮތުން ހީވަނީ އެ ކޯލަކީ ރުހައިލުގެ ކޯލަކަށް ވެދާނޭތީ ނުނަގަން އޮތްހެނެވެ. ރިންގުވެފައި ކޯލު ކެނޑުނެވެ. ހަމަ ކެނޑޭއިރަށް އަނެއްކާ ވެސް ފޯނު ރިންގުވާން ފެށިއެވެ. އެގޮތަށް ތިންވަނަ ފަހަރަށް ރިންގުވުމުން އަރުފީނު އެނދުގެ އަރިމަތީ ކަބަޑުމަތީ އޮތް ފޯނަށް ބަލާލިއެވެ.
“ހެލޯ…” އަވަސްއަވަހަށް ދެ ލޯ ފޮހެލަމުން އަރުފީނު ފޯނަށް ޖަވާބު ދިނެވެ. އޭނާއަށް ގުޅީ ސޮފޫރާއެވެ.
“ނޫން، ބިޒީއެއްނޫން” އަރުފީނު ވާހަކަދެއްކިއެވެ. އޭރު ވެސް ފޯނު ހިފައިގެން އޭނާ އޮތީ އެނދުގައެވެ.
“އަރުފީ އަޑަށް ކިހިނެއްވެފައި ތިހުރީ؟ ނިދާފަ ދޯ އޮތީ” ސޮފޫރާއަށް އަރުފީނުގެ ކުރެހިފައިވާ އަޑު އިވުމުން ބުނެލެވުނެވެ.
“ހޫމް…. ނިދިފަ އޮތީ، ކިހިނެއްވީ ސޮފޫދައްތަ ތި ގުޅީ” އަރުފީނު ބުނެލިއެވެ.
“ވަރަށް ބޮޑު ވާހަކައެއް ދައްކަންވެގެން، އެކަމަކު ފޯނުން ދެއްކުމަށްވުރެ ދައްތަ ބޭނުންވަނީ އަރުފީގާތުގައި ހުރެ މި ވާހަކަދައްކަން، ބިޒީ ނޫނިއްޔާ މިގަޑީގައި ބައްދަލުވެދާނެތަ؟” ސޮފޫރާ ބުނެލިއެވެ. އެއާއެކު އަރުފީނު ވިސްނާލަން ވަގުތުކޮޅެއް ނެގިއެވެ. ކޮންމެގޮތެއްވިޔަސް ދައްތައާ ބައްދަލުކުރަން ނޫނެކޭ ބުނާކަށް ނުކެރުނެވެ. އަނެއްކޮޅުން ސޮފޫރާ އެހާ އަވަހަށް މާލެ އައިސް ހުރުމުން ކޮންމެވެސް ކަމެއް ވެއްޖެއޭ އަރުފީނުގެ ހިތައް އެރިއެވެ. އެހެންވެ ސޮފޫރާ ގާތު އެގެއަށް އައުމަށް ބުނެ އެގެ ހުންނަ ތަން އޮޅުންފިލުވައިދިނެވެ.
ފޯނު ބޭއްވުމާއެކު ސޮފޫރާ އަވަސްވެގަތީ ތައްޔާރުވުމަށެވެ. އޭނާ ފާޚާނާއަށް ވަދެ މޫނު ދޮވެލައިގެން ނިކުމެ ހެދުން ބަދަލުކޮށްލިއެވެ. އަދި ޝާންއަށް ގުޅާލުމާއެކު އޭނާ ބޭރަށް ދާން އުޅޭ ވާހަކަ ބުނެލިއެވެ. ޝާންއަށް ސޮފޫރާ ދާން އުޅެނީ މަލީކުމެންގެއަށްކަން އެގޭގެ ނަންބުނުމުން އެނގުނެވެ. ޝާންއަށް އެގެ އެނގޭތީއާއެކު އެދުނީ އޭނާއާއެކު ސޮފޫރާ ދިއުމަށެވެ. އެކަމާ އުފަލުން ހުރެ ސޮފޫރާ ތައްޔާރުވެލިއެވެ. އޭނާ ތައްޔާރުވެ ނިމެންވިއިރު ޝާން ހުރީ އެގޭ ދޮށަށް އައެވެ. އޭނާ ދޮރޯށިން ނިކުމެގެން އައިސް ޝާންގެ ސައިކަލު ފަހަތަށް އެރިއިރު ގޭގެ ފުރަތަމަފަންގިފިލާގެ ބެލްކަނީގައި އުނައިސް ބަލަން ހުރި ތަނެއް ސޮފޫރާއަކަށް ނުފެނެއެވެ. ސައިކަލަށް އަރާ ސޮފޫރާ ހަމަޖެހިލުމާއެކު ޝާން ސައިކަލު ދުއްވާލައިފިއެވެ.
“މީ ހާދަ ބޮޑު ގެއެކޭ ދޯ” ގޭގެ ގޭޓުން ވަދެގެން އަންނަމުން ސޮފޫރާ ބުނެލިއެވެ. އޭރު ޕޯޓިކޯ ކައިރީ އަރުފީނު މަޑުކޮށްލައިގެން ހުއްޓެވެ.
“އެއީތަ ސޮފޫ ކޮއްކޮއަކީ، ތި ދެ މީހުން ހާދަ ތަފާތޭ” ޝާންއަށް ކުރިމަތިން އަރުފީނު ފެނުމުން ބުނެލިއެވެ.
“ސިފަ ތަފާތަސް އެއީ އަހަރެން އެންމެ ލޯބިވާ ކޮއްކޮ، މަންމަ ވެސް އަހަންނަށްވުރެ ކޮއްކޮދެކެ ލޯބިވާނެ” ހިނިތުންވެލަމުން ސޮފޫރާ ބުނެލިއެވެ.
“އަހަންނަށް ގުޅާލީމަ އަންނާނަން ބަލާ، ސޮފޫގެ ކޮއްކޮއާ އެހެން ފަހަރަކުން ބައްދަލުކުރާނީ، އިހަށް ދަނީ…” ޝާން ވަކި ހިސާބަކުން ހުއްޓި ސޮފޫރާގެ އަތުގައި ހިފާލަމުން ބުނެލިއެވެ.
“މިހިސާބަށް ވަންއިރު އަރުފީއަށް ޝާން ނުފެނިއެއް ނުހުންނާނެއެއްނު” ސޮފޫރާ ބުނެލިއެވެ.
“އެހެންވިޔަސް އަދި ސޮފޫގެ ޢާއިލާއާ ބައްދަލުކުރަން ތަންކޮޅެއް އަވަސް، ސޯ ޕްލީޒް، އަހަރެން ދެން ދަނީ” ޝާން ހިފަހައްޓަން ބޭނުންނުވާތީ ސޮފޫރާ ބޯޖަހާލިއެވެ. އަދި އޭނާ ގެއަށްދާންވީމާ ގުޅާނަން ކަމުގައި ބުންޏެވެ. އަވަސް އަވަހަށް ޝާން ހިނގައިގަތީ އެނބުރި ގޭޓުން ނިކުންނާށެވެ. ހިނިއައިސްފައި ހުރެ ސޮފޫރާ އައިސް މަޑުކޮށްލީ އަރުފީނުގެ ގާތުގައެވެ.
“މައި ގޯޑް، އަރުފީނު ލޯ ހާދަ ރަތްވެފަ، ވަރަށް ގަދައަށް ނިދިފައި އޮއްވާ ދޯ މި ގުޅުނީ” އަރުފީނުގެ ހާލު ނޭނގި ހުރެ ސޮފޫރާ ބުނެލިއެވެ. އަރުފީނު އިސްޖަހާލަމުން ލޮލުގައި އަތްއުނގުޅުލަމުން ބޯޖަހާލިއެވެ. އަދި ނިކަން އަވަހަށް ހިނިތުންވެލަން މަސައްކަތްކުރިއެވެ.
ސޮފޫރާގެ އަތުގައި ހިފައިގެން ގޯތިތެރޭގެ ވިނަގަނޑުމަތީ ހުރި މޭޒުގެ ދޮށަށް އަރުފީނު އައެވެ. އެ މޭޒުގެ ދޮށުގައި ދެ މީހުން ހަމަޖެހިލުމާއެކު ވާހަކަދައްކަންފެށިއެވެ. ސޮފޫރާ ފެށީ އާތިޤާ އަރުފީނު ދެކެ ވަރަށް ލޯބިވާ ވާހަކައިންނެވެ. ދުރުދުރުން ވާހަކަ ގެންދަން އުޅުމުން އަރުފީނުގެ ހިތް ބިރުގަންނަންފެށިއެވެ. އޭނާ ސޮފުރާގެ ގާތުން ވެގެން އުޅޭގޮތަށް ސީދާ ބުނުމަށް އެދުނެވެ. އެއާއެކު ސޮފޫރާ ކިޔައިދޭން ފެށީ އަރުފީނު މާލެ ބަދަލުވުމަށްފަހު ހިނގައިދިޔަ ހުރިހާ ކަމެކެވެ. ސޮފޫރާއަށް ކަންތައް ދިމާވި ގޮތާއި ލުތުފީ އެ ޢާއިލާއަށް އެހީތެރިވަމުންދިޔަ ގޮތެވެ. އަދި އާތިޤާ އާއި ކައިވެނިކުރަން ބޭނުންވާ ކަމެވެ. އާތިޤާ ވެސް މިހާރު ބޭނުންވަނީ ކައިވެނިކުރާންކަމެވެ. އަރުފީނު ބުނާނެ އެއްޗެއް ނޭނގޭތީ ސޮފޫރާ ވެސް އިނީ ޖެހިލުންވެފައެވެ.
“ބޮޑުމަންމަގެ ނިންމުމަމާ ބައްޕަ ވެސް ރުހޭ، ދެން ކީއްކުރަން އަހަރުމެން އެކަމާ އެއްޗެއް ބުނަންވީ، ހަޔާތުގެ ކޮންމެވެސް ހިސާބަކުން ބައިވެރިއަކު ބޭނުންވާނެ، ތިމާދެކެ ލޯބިވާ އޯގާތެރި ބައިވެރިއަކު ލިބޭނީ ވަރަށް ނަސީބުވެރި މީހަކަށް…” އިސްޖެހިފައި އިނދެ އަރުފީނު ބުނެލިއެވެ. އަދި މަޑުމަޑުން ދެ ކޯތާފަތް ފޮހެލިތަން ސޮފޫރާއަށް ފެނުނެވެ. އޭނާ އަވަސް އަވަހަށް ތެދުވެގެން އައިސް އަރުފީނުގެ ކައިރީ ހުއްޓިލަމުން އެ މޫނުގައި ދެއަތުން ހިފާ އުފުލާލިއެވެ
“ކީއްވެ އަރުފީނު ރޮނީ؟ ކޮއްކޮ ހާދަ ބޮޑުވެއްޖެޔޭ ދޯ މިހާރު، ތިދައްކަނީ ބޮޑެތި މީހުން ދައްކާކަހަލަ ވާހަކަ ވިއްޔާ…” ސޮފޫރާ ލޯތްބާއިއެކު އަރުފީނުގެ ލޯ ފޮހެލަމުން ދެމުން ބުނެލިއެވެ.
“އަހަރެން ބޭނުންވަނީ ގެއަށް ދާން…” ސޮފޫރާގެ އުނަގަނޑުގައި ދެއަތް ވަށާލަމުން ބައްދާލި އަރުފީނު ބުނެލިއެވެ.
“އާން! އެ ވާހަކަ ބުނަންށޭ މިއުޅެނީ… މަންމަ ވެސް ބޭނުންވަނީ ކައިވެނި ހަމަޖެހުނީމަ އަރުފީ އަހަރުމެންނާއެކު އުޅެން އެގެއަށް ގެންނަން، ލުތުފީބެ ވެސް ހުރީ އަރުފީ ގެންނަން ބޭނުންވެފައި” ސޮފޫރާ، އަރުފީނުގެ ބޮލުގައި ފިރުމާލަމުން ބުނެލިއެވެ.
* * * *
އެންމެ އިހުގެ ސަގާފީ ގޮތަށް ރަންކިޔުމުގެ ރަސްމިއްޔާތި ނިމިގެންދިޔައިރު އެތަނުގައި ޢާއިލާގެ މީހުންނާ ތިމާގެ މީހުންގެ އިތުރުން ދެ ފަރާތުގެ ޢާއިލާގެ އެންމެ ގާތް ރަޙުމަތްތެރިން ވެސް ބައިވެރިވިއެވެ. އުފާވެރިވެރިކަމުގެ ހިނިތުންވުންތައް އެންމެންގެ މޫނުމަތިން ފެންނަމުންދިޔަ އިރު ރުހައިލުގެ މޫނުމަތިން އެކަން ފާޅެއްނުވިއެވެ. ދޮންހިޔަލަހާ ފަރިކަމެއް ލިބިފައިވި ނައިރާއާ ނަޒަރު ވަކިކޮށްނުލެވިގެން އުޅޭ ޒުވާނުން ރުހައިލަކީ ނަސީބުވެރިކަމުގައި ބުނަމުންދިޔައިރު، ރުހައިލަށް ނައިރާއަށް ބަލާލުން މުހިއްމެއްނުވިއެވެ. އޭނާ އެއްފަހަރު ވެސް ނައިރާގެ ރީތިކަމަށް ތައުރީފުގެ ބަހެއް ބުނެނުލައެވެ. އޭގެ އިތުރުން ރަނުގެ ކަންތައް ނިމުމާއެކު ރުހައިލު ބޭނުންވީ އެތަނުން ދާށެވެ. އެންމެނާ އެކަހެރިވެލާށެވެ. ނަމަވެސް ހުރި ފިޔަވަޅުމަތީ އޭނާ ގަނޑުފައި ހުރީ މަލީކުގެ އަތް އޭނާގެ ކޮނޑުގައި އޮތްކަމުންނެވެ. މައިންބަފައިންނަށްޓަކައި ގަދަކަމުން ދޭތެރެ ދޭތެރެއިން ހިނިތުންވެލައެވެ.
ރުހައިލުގެ ޢާއިލާއަށް ގެއަށް އާދެވުނީ މެންދަމު ބާރަ ޖަހަން އުޅެނިކޮށެވެ. އެންމެން އައިސް ބޮޑުކޮޓަރީގައި މަޑުކޮށްލިއެއް ކަމަކު ރުހައިލު ދުވެފައި ކަހަލަ ގޮތަކަށް ސިޑިން އަރައިގެން ދިޔައީ މައްޗަށެވެ. ވަގުތުން މަލީކުގެ ނަޒަރު އޭނާއަށް ހުއްޓުނެވެ. ރުހައިލުގެ ފަހަތުން ދިއުމަށް ނެގި ފުރަތަމަ ފިޔަވަޅާއެކު ޝާރުދާ، މަލީކުގެ އަތުގައި ހިފިއެވެ.
“ރުހައިލު ފަހަތުން ދާނެކަމެއްނެތް، އޭނާ އެ ދިޔައީ ހެދުން ބަދަލުކުރަންހެން ހީވަނީ، ވަރަށް ލަސްވެސް ވެއްޖެ އަހަރުމެން ވެސް ނިދަން ދާންވީ” ޝާރުދާ މިހެން ބުނެލުމާއެކު އެތަނުގައި އިން މެހެނާޒު ވެސް ތެދުވިއެވެ.
“އާން، ވަރަށް ވަރުބަލިވެއްޖެ، ޝުއައިބު، ފަޒަލް ހިނގާ ދާން” މެހެނާޒު މިހެން ބުނުމާއެކު ޝުއައިބު ވެސް ފަޒަލް ވެސް ތެދުވިއެވެ. އަދި މެހެނާޒާއެކު އެގެއިން ނިކުންނަން ހިނގައިގަތެވެ. އެހިނދު އެތަނުގައި އެމީހުންގެ އިޝާރާތަކަށް މަޑުކޮށްލައިގެން ހުރި ގޭގައި މަސައްކަތްކުރާ ޖައުހަރީއަށް ޝާރުދާ އެންގީ ހުރިހާ ދޮރުތަކެއް ތަޅުލާފައި ނިދަން ދިއުމަށެވެ.
“ނައިރާ މިރޭ ރީތިކަމުން ވެސް އަހަރެން ހުރީ ބުނާނެ އެއްޗެއް ނޭނގިފައި، ހަމަ ހީވަނީ މަރިޔަމްގެ ޅައިރުގެ ފޮޓޮއެއްހެން” މަލީކު އާއިއެކު ލިފްޓަށް އަރަމުން ޝާރުދާ ބުނެލިއެވެ. މަލީކު ހިނިތުންވުމަކުން ފުއްދާލިއެވެ. އޭރު އޭނާގެ ސިކުނޑީގައި އެހެންކަމެއް އެނބުރެމުންދިޔަ ކަހަލައެވެ. މާގިނަ ވާހަކަދައްކަން ބޭނުންނުވީ އެހެންވެ ކަމަށްވެދާނެއެވެ.
އަމިއްލަ ކޮޓަރިއަށް ވަންނަން ދަމުން މަލީކުގެ ނަޒަރު އަރުފީނުގެ ކޮޓަރި އާއި ރުހައިލުގެ ކޮޓަރިއަށް ހުއްޓުނެވެ. ދެފަހަރަކު ބަލާލާފައި އައިސް ޝާރުދާއާއެކު ކޮޓަރިއަށް ވަނެވެ.
އެނދުގައި އިނދެ ފޯނު ނަގައިގެން ރުހައިލު އަރުފީނަށް ގުޅަން ފެށިއެވެ. ދެތިން ފަހަރަކު ގުޅައިގެން އަރުފީނު ފޯނެއް ނުނެގިއެވެ. އޭނާ މެސެޖު ވެސް ކުރިއެވެ. ދެން ވެސް އަރުފީނުގެ ޖަވާބެއް ނައެވެ. ހިތްއަވަސްވާން ފެށީ ދެނެވެ. ފޯނު ހިފައިގެން އޭނާ ދެކޮޅަށް ހިނގަން ފެށިއެވެ. އަދި އަނެއްކާ ވެސް އަރުފީނުގެ ފޯނަށް ގުޅަން ފެށިއެވެ.
“ނިދީބާ؟…. ނޫން. އަހަރެން އަންނަން ދެން ހޭލާ އިންނާނެ، އަހަންނާ ބައްދަލުނުކޮށް އަރުފީނު ނުނިދާނެ….” އަމިއްލައަށް ރުހައިލު ވާހަކަދައްކަން ފެށިއެވެ. އަރުފީނު ފޯނު ނުނެގުމުން ދެތިން މެސެޖު ފުލުފުލުގައި ފޮނުވާލިއެވެ. ވަގުތުން އޭނާއާ ބައްދަލުކުރުމަށް އެދިއެވެ. ހަމަ އެއްވެސް ޖަވާބެއް ނައުމުން ރުހައިލު މައިތިރިވިއެވެ. ބޮލުގައި އޮޅާފައި އޮތް ފޮށާނަގާ އެނދުމައްޗަށް އެއްލާލިއެވެ. ރީތިވާ މޭޒު ކައިރީ ހުރެވުމުން އޭނާގެ ސިފަ ލޯގަނޑުން ފެނުނެވެ. އެއާއެކު ރަންކިއުމުގެ ހަފުލާގައި ހިނގާދިޔަ ކަންތައްތައް ލޯކުރިމަތި ސިފަވާންފެށި ކަހަލައެވެ.
“ރުހައިލު، ނައިރާއަކީ ދަރިފުޅުގެ ވާން އުޅޭ އަނބިމީހާ، މިރެއިން ފެށިގެން ނައިރާ އޭނީ ދަރިފުޅަށްޓަކައި ހުސްވެގެން، ގިނަ ދުވަހެއް ނުވެ ދަރިފުޅުގެ އަނތްބަކަށް ނައިރާ ވާނެ، ދަރިފުޅުވާނެ ނައިރާ ވަރަށް އުފަލުގައި ބަހައްޓަން….” ރަންކިއުމުގެ ހަފުލާ ތެރެއިން މަލީކު ދެއްކި ވާހަކަތައް ރުހައިލުގެ ކަންފަތުގައި ގުގުމާލި ކަހަލައެވެ. ވަގުތުން ދެކަންފަތުގައި އަތްއެޅުމާއެކު ރުހައިލު ދެ ލޯ މަރާ ބާރުކޮށްލިއެވެ. އޭނާގެ ކެތްތެރިކަން ކޮޅުންލާ ފާނެހެން ހީވުމުން ހަލުވިކޮށް ހިނގާފައި އައިސް ފާޚާނާގެ ދޮރު ހުޅުވާލުމާއެކު ވަދެ ފެންމާގަނޑު ދޫކޮށްލަމުން އޭގެ ދަށަށް ބޯދިއްކޮށްގެން ހުއްޓެވެ.
ފެންވަރާލައިގެން ކޮޓަރިއަށް ނިކުންއިރު ރުހައިލު ހުރީ ހަމަޖެހިފައެވެ. ޓީޝާޓަކާ ސޯޓެއް ލައިގެން އޭނާ ދެއަތުން އިސްތަށިގަނޑުގައި ފުނާ އަޅާލަމުން ކޮޓަރިން ނިކުތެވެ. އަދި އައިގޮތަށް އައިސް އަރުފީނުގެ ކޮޓަރީގެ ދޮރުމަތީ ހުއްޓި ފޯނުން އަރުފީނަށް ގުޅާލިއެވެ. ފޯނު ނުނެގުމުން ބަލަން ނުހުރެ އަރުފީނުގެ ދޮރުގައި ޓަކިދޭން ފެށިއެވެ.
ނިދިފައި އޮތް އަރުފީނު ދެފަރާތަކަށް ފުރޮޅިލާފައި ތެދުވިއެވެ. ކޮޓަރީގެ ފަނޑު އަލިކަމުގެ ތެރެއިން ދޮރުހުޅުވަން ދިއުމުގެ ކުރިން އޭނާ ބަލާލީ ފޯނަށެވެ. ރުހައިލު ގުޅާފައި ހުރި ވަރާއި މެސެޖުކޮށްފައި ހުރިވަރު ފެނުމުން ވަގުތުން ނިދި ވެސް ފިލާ ދިޔައެވެ. އަވަހަށް އައިސް ދޮރުހުޅުވާލި އިރު ދޮރުމަތީ ރުހައިލު ހުއްޓެވެ.
“އަހަންނަށް އިންތިޒާރެއް ވެސް ނުކުރަންތަ؟ އަހަރެން އަންނާނެކަން އެނގެއެއްނު؟ ކީއްވެ ނިދީ؟ އަހަރެން ހާދަ ވަރަކަށް ގުޅައިފީމޭ… ފޯނު ބަލައިފިންތަ؟ ބަލާބަލަ ކިތައް ފަހަރު އަހަރެން ގުޅިންތޯ… ކިތައް މެސެޖު އަހަރެން ކުރިތޯ ބަލާބަލަ” ރުހައިލު ހީވީ މޮޔައެއްހެންނެވެ. ދެލޯ ބޮޑުކޮށްލަމުން އަރުފީނު ރުހައިލުގެ އަނގަމަތީ އަތްތިލަ ޖައްސާލިއެވެ. ވެރިވެފައިވާ ހަމަހިމޭންކަމުގެ ތެރޭގައި ރުހައިލުގެ އަޑު ވަރަށް ގަދައެވެ.
“ސޮރީ… އަހަރެން ރުހައިލަށް އިންތިޒާރުކުރަންށޭ އޮތީ، ނިދުނީ ކޮންއިރަކުކަމެއް ނޭނގޭ، ގަސްދުގައި ނިދީކީ ނޫން… ދެން ހަމަޖެހިބަލަ، ހިނގާ ކޮފީ ބޯން، ހީވަނީ ދެންމެހެން ފެންވަރައިގެން ނިކުތީ، މިރޭ ޓެރެސް ވެސް ވަރަށް ފިނިވާނެ” އަރުފީނު މަޑުމަޑުން ވާހަކަދެއްކިއެވެ. އޭނާ ބޭނުންވީ ރުހައިލުގެ ހިތްހަމަޖައްސާލަދިނުމެވެ. އެހެންނަމަވެސް އޭރު ވެސް އޭނާގެ ސިކުނޑި ބުނަމުން އައީ ރުހައިލަކީ އޭނާގެ މީހެއް ނޫންކަމުގައެވެ. ޚާއްޞަކޮށް ރުހައިލު މިރޭ އެއައީ ނައިރާއާ އިންނަން ވަޢުދުވެފައެވެ. ކައިވެނީގެ ރަންއަދާކޮށްފައެވެ.
ރަނގަޅަށް ނުނިދި އޮތް މަލީކަށް އަޑެއް އިވިގެން އޭނާ ކޮޓަރިން ބޭރަށް ބޯދިއްކޮށްލި އިރު ރުހައިލު ހުރީ އަރުފީނުގެ ކޮޓަރީގައެވެ. އަރުފީނު ސިއްރުން ކޮންމެވެސް ވާހަކައެއް ރުހައިލާ ދައްކަނީއެވެ. ދެން ފެނުނީ ރުހައިލު އަރުފީނުގެ ކޯތާފަތުގައި ފިރުމާލާފައި އޭނާގެ ކޮނޑުގައި އަތްއަޅުވާ ގަޔާ ކައިރިކޮށްލައިގެން ހުރެ ލިފްޓާ ދިމާއަށް ދިޔަތަނެވެ. މަލީކަށް ވަގުތުން ކޮޓަރިން ނިކުމެވުނެވެ.
އަމިއްލަ ގޭގައި ވަގަކު އުޅޭހެން މަލީކަށް އުޅެން މަޖުބޫރުކުރީ ރުހައިލެވެ. އޭނާގެ މޫނުމަތިން އެކަމުގެ ނުރުހުން ފާޅުވޭވެ ހުއްޓެވެ. ލިފްޓު ހުޅުވޭ އަޑާއިއެކު ރުހައިލާއި އަރުފީނަށް އެމީހުންގެ ފަހަތުން މީހަކު އުޅޭކަން އެނގިދާނޭތީވެ މަލީކު ފޭބީ ސިޑިންނެވެ. ބަދިގެ ފަރާތަށް ދެ ޒުވާނުން ގާތްގާތުގައި ތިބެން ގޮސް ވަނެވެ. ދޭތެރެއަކުން ރުހައިލުގެ އަތް ދުރަށްލާން އަރުފީނު މަސައްކަތްކުރެއެވެ. އެހެންނަމަވެސް ރުހައިލު ފެންނަނީ އަރުފީނާ ގާތުގައި ހުންނަން މަސައްކަތްކުރާތަނެވެ. މަލީކަށް އަމިއްލަ އަތުން ނިތްކުރީގައި ޖަހާލެވުމާއެކު ދެފަރާތަށް ބޯހޫރާލެވުނެވެ. އަދި ދަތްކުނޑިވިކައިގަނެވުނެވެ. އެމީހުންގެ ފަހަތުން ބަދިގެ ތެރޭ ތިބެ ދައްކާ ވާހަކަ އަޑުއިވޭނޭހާ ކައިރިއަށް މަލީކު އައެވެ. ސިޑިން އަވަހަށް ފައިބަން ހަދައިގެން ނޭވާ ކުރުވާގޮތްވެފައި ހުއްޓެއްކަމަކު މަލީކު ބެލީ ނޭވާ ވެސް ލަސްލަހުން ސިއްރުން ލެވޭތޯއެވެ.
“އަހަރެން ހިތަށް އަރާ ފިލައިގެން ދާންވީއޭ، ދަމުން ދާނީ އަރުފީން ގޮވައިގެން…” އަރުފީނު ކޮފީ ހަދަން އުޅުނު އިރު ރުހައިލު އިނީ ބަދިގޭގައި އިށީނދެވޭގޮތަށް ހަދާފައި ހުރި ކަބަޑުތައް ކައިރީގައެވެ. އޭނާ ބުނި އެއްޗަކުން އަރުފީނު ފެށީ ހޭށެވެ.
“އަހަރެން ދާން ބޭނުންނުވަންޏާ ކިހިނެއް ގެންދެވޭނީ” އަރުފީނު ބެލީ އެކުވެރި މާހައުލެއް ބޭއްވޭތޯއެވެ.
“ކިޑްނެޕްކުރާނީ، ދެން ދާނީ ފަޅު ރަށަކަށް…. އެތަނުގައި ދެމީހުން ލައިފެއް ފަށާނީ، އަހަންނާ އެއްކޮށް އެކަނި އުޅެން ފެށީމަ އަރުފީނު އަހަރެންދެކެ ލޯބިނުވެއެއް ނުހުންނާނެ، އޭރުން ޔަޤީން އަހަރެންދެކެ ލޯބިވާ ވާހަކަ ކިތަންމެ ފަހަރަކު ވެސް ބުނާނެކަން” ލާނެތް ހިނިތުންވުމަކާއެކު ރުހައިލު ބުނެލިއެވެ.
“އޯ ސްޓޮޕިޓް ރުހައިލު، އަބަދު ތި ވާހަކަ ނުދައްކަބަލަ، އެހެން ވާހަކައެއް ދައްކަބަލަ، މިއަދު ވަރަށް ސަޅި ރުހައިލު ފޮށާ އަނދެލައިގެން ހުރިއިރު، އެކަމަކު އަތުގައި ތިއޮތް އެތިކޮޅު ގޭގައި ބާއްވާފައި ދިޔަނަމަ، ނުވެސް ގުޅޭ އެ އަޅައިގެން ހުރީމަ، ނައިރާ ހުރީ ކޯއްޗެއް ލާފައި” ގަދަކަމުން އަމިއްލަ ނަފުސައް މަޖުބޫރުކުރަމުން ކަހަލަ ގޮތަކަށް އަރުފީނު ވާހަކަދެއްކިއެވެ. އޭނާއަށް އެ ވާހަކަތައް ދައްކަން ކިހާ އުނދަގޫކަން އަރުފީނުގެ މޫނުމަތިން ރުހައިލު ދެނެގަތެވެ.
“އަމިއްލަ ހިތަށް ތަދުކުރަން ތިވާހަކަ ދެއްކުމުގެ ބޭނުމަކީ ކޮބާ، މިވަގުތުކޮޅު އަހަރުމެން ދެމީހުންގެ ވާހަކަ ނުދެއްކޭނެތަ؟” ރުހައިލު ކުއްލިއަކަށް ބުނެލިއެވެ. އަރުފީނު އެއްވެސް އެއްޗެއް ނުބުންޏެވެ. ކޮފީތަށި ގެނެސް ރުހައިލުގެ ކުރިމަތީ ބެހެއްޓިއެވެ.
“އަހަރެންގެ އަތުން މި ދުވަހަކު ވެސް ވަތްކެއްނުވާނެ، ހުރިހާކަމެއް އަހަރެން އެހެންމީހުންނަށްޓަކައި ކޮށްދޭނަން، އަމިއްލަ އުފަލާ ހިތްހަމަޖެހުމުގެ އިތުރުން މިއަދު އަހަރެންގެ ލޯބި ވެސް ގުރުބާންކޮށްފިން، އެކަމަކު މި ޗޭނުކޮޅު އަހަރެންގެ އަތުން ވަކިކުރެވޭނީ އަހަރެންގެ ފުރާނަނެތް މަސަގަނޑާ ހަވާލުވާ ވަގުތުން ފެށިގެން، އެ ދުވަހުން އަހަރެން ޤަބޫލުކުރަން އަހަންނާ އަރުފީނާ ވަކިވާނެކަން” ރުހައިލުގެ ވާހަކަތުން އަރުފީނުގެ ހިތަށް އުނދަގޫވިއެވެ.
“އަހަރެން މި މަސައްކަތްކުރަނީ ރުހައިލުގެ ސިކުނޑިން ތި ޚިޔާލުތައް ނެރެލެވޭތޯ، އެކަމަކު ރުހައިލު… އަބަދުއަބަދު ތިހެން ނުކިޔަސް އަހަންނަށް އެނގެޔޭ ރުހައިލު އަހަރެންދެކެ ލޯބިވާކަން، ހެޔޮނުވާނެ… އާދޭސްކޮށްފަ މިބުނަނީ، ދެން އިތުރަށް ނުބުނެފާނަންތަ ލޯބިވެޔޭ” އަރުފީނަށް ދަތްތައް ޖައްސާބާރުކޮށްލެވުނެވެ. އަދި އިސްޖަހާލަމުން ކަބަޑުމަތީ ދެއަތުން ޖެހިއެވެ. ހަމައެހާ އަވަހަށް ދެއަތްތިލަ ގެނެސްޖައްސާލަމުން ނޭފަތާއި ނިތްކުރީގައި ޖައްސާލިއެވެ. ހީވީ ރުހައިލުގެ ކިބައިން އާދޭސްކުރާހެންނެވެ.
“ހޭއި… ރުޅި އައީތަ؟” ރުހައިލު އައިސް އަރުފީނުގެ ގާތުގައި ހުއްޓިލަމުން އެއްއަތުން އަރުފީނުގެ ކައިރިކޮށްލާފައިވާ ދެއަތްތިލާގައި ހިފާލިއެވެ. އަދި އަނެއްއަތުން އަރުފީނުގެ ބުރަކަށީ ފިރުމާލިއެވެ.
“ހިނގާ… މިތާ ތިއްބަ މީހަކު އަތުވެދާނެ، އާދޭ ޓެރެސްއަށް އަރަން” ވާހަކަ ބަދަލުކޮށްލަން ބޭނުންވެގެން ރުހައިލު ބުނެލިއެވެ. އަރުފީނު އަނގައިން ބުނުމެއްނެތި ކޮފީމަގު ހިފައިގެން ބަދިގެއިން ބޭރަށް ނިކުންނަން ހިނގައިގަތެވެ. އަރުފީނަށް ބަލަން ހުރި ރުހައިލުގެ ތުންފަތުގައި ހިނިތުންވުމެއް އެވަގުތު ދުވެލިއެވެ.
ރުހައިލު އާއި އަރުފީނަށް އެމީހުންނަށް މަލީކު ފާރަލާކަމެއް ނޭނގެއެވެ. އެ ދެ ޒުވާނުން ހާމަފެންޑާއަށް އެރިއެވެ. އަރުފީނު އައިސް އުނދޯލީގައި އިށީނުމާއެކު އޭނާއާ ޖެހިގެން ރުހައިލު ވެސް އިށީނެވެ. އޭރު ވެސް އަރުފީނު އިނީ ރުހައިލު އުޅޭގޮތުން ކުރާނެކަމެއް ނޭނގިފައި އިން މީހަކު ފަދައިންނެވެ. އަނގައިން ނުބުނެ ދެއަތުން ކޮފީ މަގުގައި ހިފަހައްޓާލައިގެން އަރުފީނު އިނެވެ. ކުރިން ވާހަކަދައްކަން ފެށީ ރުހައިލެވެ. އޭނާގެ ކޮނޑުން އަރުފީނުގެ ކޮނޑުގައި ޖެހިލަމުންނެވެ.
“ތިހެން ނީނދެބަލަ، ކުރިން އުޅޭހެން އަހަރެން އެއްޗެއް ބުނީމަ އަހަރެންގެ ގައިގަ ތަޅައިގަނެފައި ހަޅޭލަވައިގަނެބަލަ…. ތިހާ މަޑުމަޑުން އިނީމަ އަރުފީނަކާ ނުވެސްގުޅޭ” ރުހައިލު ބުނެލިއެވެ.
“އައި އެމް ނޮޓް އަ ޓީން އެނީމޯ… މިހާރު އެހެން އުޅޭހިތެއްނުވޭ” އަތުގައި އޮތް ކޮފީމަގަށް ގެއްލިފައި އިނދެ އަރުފީނު ބުނެލިއެވެ.
“ވަރަށް ފިނި ރެއެއް ދޯ… ހީވަނީ ވަރަށް އަވަހަށް ވާރޭ ވެހެން ފަށާފާނެހެން” ލުއިގޮތަކަށް ހީނލާފައި ރުހައިލު، އަރުފީނުގެ ކޮނޑުގައި އެއްއަތް އަޅުވާލަމުން ގަޔާ ކައިރިކޮށްލިއެވެ. ދެފަހަރަކު ދުރަށްދާން ތެޅި ލާފައި ވެސް އަރުފީނު އެންމެފަހުން ރުހައިލުގެ ގައިގާ ޖެހިލައިގެން އިނެވެ.
“ތެންކިއު…” އަރުފީނު ގަދަ ހެދުން ހުއްޓާލުމުން ރުހައިލު ބުނެލިއެވެ. އަދި ކުރިއަށްވުރެ އަރުފީނު ގަޔާ ކައިރިކޮށްލައިގެން އުނދޯލީގައި ހަމަޖެހިލިއެވެ. އޭރު ހާމަފެންޑާއަށް ނިކުމެވެން ހުރި ދޮރު ކައިރީ މަލީކު ފިލާހުއްޓެވެ.
“ރުހައިލު… މީ ރަނގަޅު ގޮތެއްނޫނެއްނު” މަޑުމަޑުން އަރުފީނު ބުނެލިއެވެ.
“އަހަރެން ގޯސްކަމެއް ނުކުރަން، މިހެން ކައިރީގައި ތިބުމަކީ މައްސަލައެއްނޫނެއްނު، އިޓްސް ސޯ ރޮމޭންޓިކް ނޫންތަ؟ ފިނިފިނި ރެއެއްގަ ހޫނުހޫނު ކޮފީއެއް ބޯލަން، އެވެސް އަރުފީނުގެ އަތުން، އަހަރެންގެ މިހާ ކައިރީގައި އިނދެ…” ރުހައިލު ބުނެލިއެވެ.
“ރޮމޭންޓިކުވާން ނުވެސް އެނގޭ، ފަޒަލްއަށް އެނގޭ އަންހެންކުދިންގެ ހިތް އަތުލަން، ރުހައިލުވީ އޭނާގެ ކައިރިން ދަސްކުރަން” އަރުފީނު ބޯ އަރިކޮށްލަމުން ރުހައިލަށް ބަލާލާފައި ލާނެތްގޮތަކަށް ހީނލިއެވެ. ހަމައެއާއެކު ރުހައިލު ވެސް ހޭންފެށިއެވެ.
ދެމީހުން ވެސް މަޑުމަޑުން ތިބެ ކޮފީ ބޮއެ ނިންމާލިއެވެ. ކޮފީމަގު ހުސްވުމާއެކު އަރުފީނު ތެދުވިއެވެ. އެވަގުތު ރުހައިލު އޭނާގެ އަތުގައި ހިފާ ހުއްޓުވިއެވެ. އެއާއެކު އަރުފީނު، ރުހައިލަށް ބަލާލަމުން ނިތްއަރުވާލިއެވެ.
“ދަނީތަ؟ މިރޭ މިތަނުގައި އިރުއަރަންދެން ނުތިބޭނަންތަ؟ ވާރޭ ވެސް ވެހެން އެއުޅެނީ، ވާރޭވެހޭތަން ބަލާލަން މަޑުނުކުރާނަންތަ” ރުހައިލު އަހާލިއެވެ.
“މިހާރު ވަރަށް ލަސްވެއްޖެ، ހެނދުނު ހޭލަން ވެސް ޖެހޭނެ” އަރުފީނު ދާން ބޭނުންވެފައި ހުރިކަން ރުހައިލަށް ވެސް އެނގެއެވެ. އެހެންނަމަވެސް އޭނާ ބެލީ އަރުފީނު ހިފެހެއްޓޭތޯއެވެ. އެއްގޮތަކަށް ވެސް އަރުފީނުގެ އަތުން ދުލެއް ނުކުރިއެވެ. އަރުފީނުގެ އުނަގަނޑުގައި ކޮއްޓާލުމާއެކު އަރުފީނު ހޭންފެށިއެވެ. ރުހައިލުގެ ސަމާސާ ކުރުންތަކުން ސަލާމަތްވާން މަސައްކަތްކުރަމުން ދިޔަ އަރުފީނުގެ އަތުގައި އޮތް ކޮފީ ބުއި މަގު ވެއްޓި ތެޅުނެވެ. ނަމަވެސް އެކަމަށް ރުހައިލުގެ ސަމާލުކަމެއް ނުހުއްޓުނެވެ. އޭނާ ނުވިސްނާ ހުރި އަރުފީނު އަތްދަނޑިމައްޗަށް އުފުލާލިއެވެ. އެހިނދު އަރުފީނަށް ބޭއިޚްތިޔާރުގައި ހަޅޭލަވައިގަނެވުނެވެ. ދުރުގައި ހުރި މަލީކުގެ ދެލޯ ބޮޑުކޮށްލެވުމާއެކު ކުރިއަށް ފިޔަވަޅެއް އަޅާލެވުނެވެ.
“ޕްލީޒް ރުހައިލު… އަހަރެން ތިރިކުރޭ، ދާން ވެއްޖެ، މަގު ވެސް އެ އޮތީ ތަޅައިގެން ގޮސްފަ، އެތަން ވެސް ސާފުކުރަން ޖެހޭނެ، ޕްލީޒް ދެން ދޫކޮށްލަބަލަ، އަހަރެން ވެއްޓިދާނެ…” އަރުފީނު އާދޭސްކޮށްގަތެވެ.
އަރުފީނު ލުއިކަމުން އެއްވެސް އުނދަގުލެއްނެތި ރުހައިލަށް އޭނާގެ އަތުގެތެރޭ ހިފަހައްޓާލެވުނެވެ. އަދި އެނބުރިލުމާއެކު އަރުފީނު ވެއްޓިދާނޭތީ އާދޭސްކުރަން ފެށުމުން އިހުނަށްވުރެ ރުހައިލަށް މަޖާވިއެވެ. ދެ ޒުވާނުން ސަކަރާތުގައި ތިއްބާ ވާރޭގެ ފުރަތަމަ ތިކިތައް އޮއްސާލީ ކުއްލިއަކަށެވެ. ވަރަށް ބޯކޮށެވެ. އެއާއެކު އަނެއްކާ ވެސް އަރުފީނު ހަޅޭލަވައިގަތެވެ.
“ދެން ދޫކޮށްލާ… މިއޮއް ތެމެނީ އެއްކޮށް… ޕްލީޒް ރުހައިލު” އަރުފީނު އާދޭސްކުރިއެވެ. އެހެންނަމަވެސް ވާރޭގެ ތެރޭ ރުހައިލު ގަނޑުވެފައި ހުރި ކަހަލައެވެ. ތެމި ފޯވާއިރު ވެސް ރުހައިލު ހުރި ފިޔަވަޅުމަތިން ގުޑާ ވެސް ނުލިއެވެ. އޭނާ މަޑުމަޑުން އަރުފީނުގެ މޫނާ މޫނު ކައިރިކޮށްލިއެވެ. އަދި އަރުފީނުގެ ތުންފަތަށް ބަލާލުމާއެކު އެ ތުންފަތުގައި ބޮސްދިނުމަށް އުޅުނެވެ. އެހެންނަމަވެސް އެ ދެމެދަށް ހުރަސްވެގެންދިޔައީ އަރުފީނުގެ އަތްތިލައެވެ.
“ސްޓޮޕިޓް ރުހައިލު…” އަރުފީނު މޫނު އަނބުރާލަމުން ބުނެލިއެވެ.
ރުހައިލު މަޑުމަޑުން އަރުފީނުގެ ފައިކޮޅު ތިރިކޮށްލަމުން އޭނާ ކޮޅަށް ބެހެއްޓިއެވެ. ނަމަވެސް އަރުފީނުގެ ގައިން ދުލެއް ނުކުރިއެވެ. އުނަގަނޑުގައި ހިފާ ގެނެސް ގަޔާލާ ބާރުކޮށްލިއެވެ. އަރުފީނުގެ ހިތް ބާރަށް ތެޅެމުންދިޔައިރު އޭނާ ހުރީ ރުހައިލު ކޮށްފާނެ ކަމަކާ ޖެހިލުންވެފައެވެ. ވަށައިގެން ފިނިކަން އިހުސާސްވަމުންދިޔަ ނަމަވެސް ރުހައިލުގެ ނޭވާގައި ވަނީ ތަފާތު ހޫނުކަމެއް އެކުލެވިފައެވެ. ރުހައިލުގެ މޭގައި އަތްއަޅާ ދުރަށް ކޮށްޕާލަން އަރުފީނު މަސައްކަތްކުރަމުންދިޔައެވެ. އެހެންނަމަވެސް އޭނާ ދިޔައީ ރުހައިލުގެ މޭގައި ޖެހި ފިތެމުންނެވެ. މޫނުގައި ރުހައިލުގެ ތުންފަތުގައި ބީހުންތައް އަރުފީނަށް އިހުސާސްކުރެވެންފެށިއެވެ. ރުހައިލު ހުއްޓުވަން ބޭނުންވި ނަމަވެސް އަރުފީނުގެ ހިތް އެދެނީ ރުހައިލުގެ އަތުގެތެރެއަށް ބެހިގެންދިއުމަށެވެ.
ވާރޭގެ ތެރޭގައި ރުހައިލާއި އަރުފީނު ހީވަނީ އެއްހަށިގަނޑެއްހެންނެވެ. އެ މަންޒަރު ބަލަން އެންމެ ހިނދުކޮޅަކު ވެސް މަލީކަށް ކެތެއްނުވިއެވެ. ކުރިއަށް ޖެހިލާ ކައިރީގައި ހުރި މާވަށިގަނޑެއް ވައްޓާ ތަޅާލިއެވެ. އެއަޑު ރުހައިލާއި އަރުފީނުގެ ސަމާލުކަން ހޯދިއެވެ. ރުހައިލު އެ ދިމާއަށް ބަލާލި ވަގުތު އޭނާގެ އަތުގެތެރޭން ސަލާމަތްވެގެން އަރުފީނު ދުވެފައި އައެވެ. މަލީކު އަވަސް އަވަހަށް ތިރިއަށް ފައިބާ ސިޑިކައިރީ ހުރި ތަނބުގެ ނިވަލަށް ވަނެވެ. އަރުފީނު ދުވެފައި ގޮސް އޭނާގެ ކޮޓަރިއަށް ވަނެވެ. ރުހައިލު އޭނާގެ ފަހަތުން ދުވަމުން އައެވެ. އަރުފީނުގެ ކޮޓަރީގައި ރުހައިލު ޓަކިދިނެވެ. އަދި ދޮރުހުޅުވުމަށް އެދެމުންދިޔައެވެ. އަރުފީނު ދޮރުނުހުޅުވިކަން އެއީ ނަސީބެކޭ މަލީކުއަށް ސިއްރުން ބުނެލެވުނެވެ. އެހެންނޫންނަމަ ރުހައިލު އާއި އަރުފީނުގެ މެދުގައި ނަހަމަ ގުޅުމެއް ހިނގާނޭކަން މަލީކަށް އެނގޭ ކަހަލައެވެ. މަލީކު އޭނާގެ ކޮޓަރިއަށް އައިސް ވަނީ ރުހައިލު ކޮޓަރިއަށް ވަންފަހުންނެވެ.
އެރޭ އެކަކަށް ވެސް ނުނިދުނެވެ. ރުހައިލާއި އަރުފީނު ތިބީ އެކަކު އަނެކަކުގެ ޚިޔާލުގައެވެ. މަލީކު އޮތީ އޭނާއަށް ފެނުނު މަންޒަރުތަކުން ބުއްދި ގޯސްވާ ހިސާބުގައެވެ. އެންމެނަށް ވުރެ ކުރިން މަލީކު ތެދުވެގެން ހާމަފެންޑާއަށް އެރިއެވެ. އޭރު ވެސް ރޭ ވެހެންފެށި ވާރޭ ތުނިތުނިކޮށް ވެހިލަވެހިލާ އޮތެވެ. ތަޅައިގެން ގޮސްފައި އޮތް ކޮފީމަގަށް ނަޒަރު ހުއްޓާލައިގެން މަލީކު ހުއްޓެވެ.
އެހެންމީހުން ހޭލަންވާއިރަށް އަރުފީނު އަވަސްއަވަހަށް ހާމަފެންޑާއަށް އެރީ ތަޅައިގެންގޮސްފައި އޮތް ކޮފީމަގުގެ އެތިކޮޅުތައް ނެގުމަށެވެ. ހާމަފެންޑާއަށް އަރުފީނަށް ނިކުމެވުނު އިރު ރެއިލިންގގައި އަތްއަޅުވާލައިގެން މަލީކު ހުއްޓެވެ. އެތަންފެނި އަރުފީނު އަވަހަށް އެނބުރި ދާން އުޅުނެވެ. ހިތަށް ނޭނގޭ ބިރުވެރިކަމެއް ވަދެފައި ހުރި މީހަކު ހެންނެވެ. ހަމައެވަގުތު މަލީކުގެ ބަރު އަޑު އަރުފީނުގެ ކަންފަތުގައި ޖެހުނެވެ.
“ލައްބަ” މަލީކު ގޮވާލުމުން މަޖުބޫރުވެފައި ހުރެ އަރުފީނު ބުނެލިއެވެ.
“އާދެބަލަ މިކޮޅަށް” މަލީކު ބުނެލިއެވެ. އެއާއެކު އަރުފީނު އިސްޖަހާލައިގެން ހުރެ އައިސް މަލީކުގެ އެއްފަރާތުން ހުއްޓިލިއެވެ.
“އަހަރެން މި ދައްކާ ވާހަކަ ވަރަށް ރަނގަޅަށް އަރުފީނު ވާނެ އަޑުއަހަން، އަރުފީނަކީ ކުޑަކުއްޖެއްނޫން، މިހާރު ތިހިރީ ބޮޑުވެފައި، އަންހެނަކާއި ފިރިހެނަކު އެހާ ގާތް އުޅުމަކީ ރަނގަޅުކަމެއްނޫން، ރުހައިލު އާއި ނައިރާގެ ކައިވެނި ކުރެވެން ހަފްތާއަކަށް ވުރެ ކުޑަދުވަސްކޮޅެއް އޮތީ، ރުހައިލު އިންނާނީ ނައިރާއާ، އަހަންނަށް ވަރަށް ރަނގަޅު އަރުފީނު އެއްގޮތަކަށް ވެސް ރުހައިލުއާ ވާހަކަ ނުދައްކައިފިއްޔާ، އެއްގެއެއްގައި އުޅުނަސް އަނގައިން ނުބުނެ އުޅެވޭނެ، ދުވަސްކޮޅަކުން ރުހައިލު ވެސް އެކަމަށް އާދަވެދާނެ، އަހަރެން ހިތްހަމަޖެހޭ ކަމެއްނޫން އެއީ ރުހައިލުއާ އަރުފީނު އެއްވެސް ވަރަކަށް އެއްކޮށް އުޅޭތަން ފެނުން، އެހެންކަންތައް ނުކުރެވެންޏާ އަހަންނަށް ޖެހޭނީ އަރުފީނުގެ ބައްޕައާ ވާހަކަދައްކަން، ފިރިހެން ކުދިންތަކެއް އުޅޭ ގެއެއްގައި އަރުފީނު ބަހައްޓަން އަހަންނަށް ފަސޭހައެއްނުވާނެ… މި ދެއްކި ވާހަކަ އިވިއްޖެތަ؟” މަލީކުގެ އަޑަށް އަރުފީނު އަވަސްއަވަހަށް ބޯޖަހާލިއެވެ. މަލީކު އެތަނުގައި ނުހުރެ ތިރިއަށް ދިޔަ ނަމަވެސް އަރުފީނު ހުރީ ހުއްޓުން އަރާފައެވެ.
އެއްފަރާތުގައި ތަޅައިގެން ގޮސްފައި އޮތް ކޮފީމަގަށް އަރުފީނުގެ ނަޒަރު ހުއްޓުނެވެ. އޭނާގެ ހިތުގައި މިވަގުތު އެތައް ޝުޢޫރުތަކެއް ބޮނޑިވަމުން އަންނަކަމުގެ ހެއްކަކަށް އެ ދެ ލޯ ފުދުނެވެ. މަޑުމަޑުން ފެންކަޅިވަމުން އައި އަރުފީނުގެ ލޮލުން ވެއްޓެން އުޅުނު ކަރުނަ ތިކި އެއްއަތުން ފޮހެލުމާއެކު މަޑުމަޑުން ތިރިވެލާފައި ތަޅައިގެންގޮސްފައި އޮތް ކޮފީމަގުގެ އެތިކޮޅުތައް ނަގަން ފެށިއެވެ. އަދި ނެގި އެތިކޮޅުތައް އެތަނުގައި ހުރި ޑަސްބިންގެ ތެރެއަށް އަޅާލިއެވެ. ދެން ވެސް އަރުފީނު ހުރީ އެތަނުގައި މަޑުކޮށްލައިގެންނެވެ. އެހެންހުއްޓާ ލައިގެން ހުރި ހަރުވާޅުކޮޅުގެ ޖީބުން ފޯނު އެލާމު އަޅަން ފެށިއެވެ. ޔުނިވަރސިޓީއަށް ދާންޖެހޭ ގަޑި ކައިރިވީކަން އެނގުނީ ދެނެވެ. ފޯނަށް ބަލާލާފައި ބޭރުކޮށްލި ފުންނޭވާއިން ހީވީ އަރުފީނު ކިޔަވަންދާން ވެސް ބުރަކަމަކަށް އެވަގުތު ވެފައި ހުރި ހެންނެވެ. އެހެންނަމަވެސް މަޑުމަޑުން ފިޔަވަޅަކަށްފަހު ފިޔަވަޅެއް ކުރިއަޅާ އޭނާ ހިނގައިގަތީ ކޮޓަރިއަށް ދާށެވެ.
އެހެން ދުވަސްދުވަހު ޝާރުދާއާއެކު ސައިމޭޒު ދޮށުން އަރުފީނު ފެންނާނެއެވެ. ނަމަވެސް މިއަދު ޝާރުދާއާއެކު ހެނދުނުގެ ނާސްތާ ކުރުމުގައި މަލީކު ބައިވެރިވެ އިނެވެ. އެކަމާ ހައިރާންވެ ސުވާލު ކުރުމުން މަލީކު ބުނީ ރޭގައި ރަނގަޅަށް ނުނިދުނީ ކަމުގައެވެ. އަދި ވަރަށް އަވަހަށް އޮފީހަށް ދާން ބޭނުންވާ ކަމުގައެވެ. ބަދިގެ ތެރެއަށް ވަނުމަށް ކާކޮޓަރި ތެރެއިން ލާފައި އަރުފިނު ވަދެގެން އައިއިރު އޭނާއަށް އެތަނުގައި އިން މަލީކު ފެނި ކޮންމެވެސް ވަރެއްގެ ހާސްކަމެއް ލިބިގެން ދިޔައެވެ.
“ކުލާހަށް ދަނީތަ؟ މިއަދު ސައި ވެސް ނުބޮންތަ؟ މާ ލަހުން ހޭލެވުނީ ދޯ، ގެނޭ ދައްތަ އަތަށް ފުޅިއަށް ފެންއަޅާލަ ދޭނަން” ޝާރުދާއަށް އަރުފީނު ތައްޔާރުވެލައިގެން ހުރިތަން ފެނުމުން ވާހަކަދައްކަންފެށިއެވެ. އަދި އާއްމުކޮށް ކޮންމެ ދުވަހަކު ގެއިން ފެންއަޅައިގެން ގެންދާ ފުޅި އަރުފީނުގެ އަތުގައި އޮތުމުން އޭނާ އެ އައީ ޔުނިވަރސިޓީއަށް ދިއުމަށް މުޅިން ތައްޔާރުވެގެންކަން ވެސް ޝާރުދާއަށް އެނގުނެވެ.
އަނގައިން ނުބުނެ އަރުފީނު ހުރީ މަލީކުގެ ނަޒަރު އޭނާއަށް ހުއްޓިފައި ހުރުމުންނެވެ. ޝާރުދާ އައިސް އޭނާގެ އަތުން ފެންފުޅި ނަގާ އެއަށް ފެންއަޅައިދީގެން ގެނެސްދިނެވެ. އެއާއެކު އަވަސް އަވަހަށް އަރުފީނު ހިނގައިގަތީ އެތަނުން ނިކުތުމަށެވެ.
* * * *
އޮފީހުގެ ގޮނޑީގައި ފިކުރުކުރުމުގައި މަލީކު އިނެވެ. އެއްފަހަރު ގޮނޑީގައި ލެނގިލީއާ އަނެއްފަހަރު މޭޒުމަތީ ދެއުޅަންބޮށި ވިއްދާލައިގެން ޖޯޑުކޮށްލެވިފައިވާ އަތުގައި ދަތްދޮޅި އަޅުވާލައިގެން އިނދެއެވެ. ސިކުނޑިތެރޭގައި އެނބުރެމުންދަނީ ރޭގައި ރުހައިލުގެ ފަރާތުން ފެނިގެން ދިޔަ ޢަމަލުތަކެވެ. އޭނާ އަރުފީނު ބޭނުންވާކަމުގައި މަލީކުގެ ހިތް ވެސް އެއްބަސްވިއެވެ. އެހެންނަމަވެސް މަލީކު ބޭނުންވީ އެއީ އޭނާގެ ޒުވާން ފިރިހެން ދަރިފުޅަށް އެންމެ ރަނގަޅުވާނެ ގޮތް ނޫންކަމުގައެވެ. ނައިރާއާ ކައިވެނި ކުރެވުމުން ރުހައިލު، އަރުފީނުގެ މަތީން ހަނދާންނެތިދާނެކަމުގައި މަލީކު ޤަބޫލުކުރިއެވެ. އެހެންނަމަވެސް ސިކުނޑީގެ ކަނެއްގައި މީހަކުކޮއްޓަމުން ދިޔަ ކަހަލައެވެ. އަދިވެސް މަލީކުގެ ސިކުނޑިއަށް ބާރުކުރަމުން ދަނީ އަރުފީނެވެ. އެ އަންހެންކުއްޖާ ގޭގައި އުޅޭނަމަ ރުހައިލު އާއި ދެމީހުން ދުރުކުރުވުން މަލީކު ހީކުރާހާ ފަސޭހަކަމަކަށް ނުވެދާނެއޭ ހީވާތީއެވެ. ހަމައެވަގުތު މަލީކުގެ ލޮލުން ފިނިކަމެއް ލިބިގެން ދިޔަކަމުގެ އަސަރު ފާޅުވެގެން ދިއުމާއެކު އޭނާގެ ތުންފަތުގައި ލުއި ހިނިތުންވުމެއް ދުވެލިއެވެ. މޭޒުމަތީ ހުރި ފޯނަށް ބަލާލާފައި ވެސް އޭގެ ކައިރީ އޮތް މަލީކުގެ މޯބައިލުނަގާ ފަޒަލްގެ ނަންބަރު ހޯދާލުމާއެކު ގުޅިއެވެ.
“ފަޒަލް، އޮފީހަށް އައިސްދީބަލަ، ރަނގަޅީ އެކަނި އައީ ވިއްޔާ، ވަރަށް މުހިއްމު ކަމަކު” މަލީކު ބުނެލިއެވެ.
“ލައްބަ، އެކަމަކު މިހާރު އަޅުގަނޑު މި އިނީ ސައިބޯން، ނިންމާލާފައި އެބަ ދަން، އެންމެ ރަނގަޅުތޯ” ފަޒަލް ބުނެލިއެވެ. މަލީކު ޖަވާބު ދިނުމާއެކު ފަޒަލް ފޯނުކޯލު ކަނޑާލާފައި އޭނާ އާއިއެކު ސައިބޯން ކާމޭޒު ދޮށުގައި އިން ރުހައިލަށް ބަލާލިއެވެ.
“ކާކު؟ މިއްމިތަ؟” އަނގަޔަށް ސީރިއަލް ސަމްސާ ލައިގެން އިނދެ ރުހައިލު ވާހަކަދެއްކިއެވެ.
“މަލީކު އަންކަލް” ކަންބޮޑުވުން އެކުލައިވައިވާ އަޑަކުން ފަޒަލް ބުނެލިއެވެ.
“މިހާރު އަނެއްކާ ކޮންކަމެއް ރާވަންވެގެން، ބުނަން ފަޒަލް، އިތުރަށް އަހަންނަށް އެއްވެސް ކަމެއް ދެން ސިއްރުކޮށްގެން ނުވާނެ، ސަޕްރައިޒަސް ދެކެ ފޫހިވެއްޖެ، އައި ރިއަލީ ހޭޓް އިޓް… ހޭޓް އިޓް ސޯ މަޗް… އިތުރު ސަފްރައިޒެއް އަހަންނަށް ހޭންޑްލް އެއް ދެން ނުކުރެވޭނެ…. ބައްޕަ، ފަޒަލްއަށް ގުޅުމަކީ އައި ތިންކް އިޓްސް އަ ބޭޑް އޯމެން… ސޯ ޕްލީޒް، ޕްލީޒް… ބައްޕަ ކޮންމެ އެއްޗެކޭ ބުންޏަސް ފަޒަލް ވާނެ އަހަރެން ގާތުގަ ބުނަން” ކުއްލިއަކަށް ރުހައިލުގެ ވާހަކަތަކުގައި ސީރިއަސްކަން އެކުލެވިގެން ދިޔައެވެ. ފަޒަލް، ރުހައިލަށް ބަލަން އިނދެ ބޯޖަހާލިއެވެ.
“ރުހައިލު، އަހަރެން ޚިޔާލެއް ދިނިއްޔާ ޤަބޫލުކުރާނަންތަ؟” އިރުކޮޅަކު ވިސްނަން އިން ފަދަ ގޮތަކަށް ހިމޭންވެފައި އިނދެފައި ފަޒަލް ވާހަކަދައްކަން ފެށިއެވެ.
“ޔެސް…” ރުހައިލު ބޯޖަހާލަމުން ބުނެލިއެވެ.
“އަހަންނަށް ފެންނަނީ ހުރިހާ ވާހަކައެއް ޝާރުދާ އާންޓީއަށް ކިޔައިދޭން، އަރުފީނު ކައިރީ ވެސް ބުނަންވީ ރުހައިލު އޭނާއާ މެދު ދެކޭގޮތް، މަލީކު އަންކަލް މިހާރު ނުގަބޫލުވިޔަސް، ފަހަރެއްގައި ޝާރުދާ އާންޓީ އެދެފިއްޔާ ކައިވެނި ކެންސަލްކޮށްފާނެ، އަނެއްކޮޅުން އިޓްސް ނޮޓް ފެއަރ ދޯ ނައިރާ އޮޅުންގަނޑެއްގެ ތެރޭގައި ބެހެއްޓުން، އޭނާއަށް ވެސް އެނގެން ޖެހޭނެ ރުހައިލު އޭނާދެކެ ލޯތްބެއް ނުވާކަން” ފަޒަލް ބުނެލިއެވެ.
“އައި ވިޝް… އައި ވިޝް ހުރިހާ ކަމެއް އެންމެނަށް އެނގޭނެ ނަމައޭ، އެކަމަކު… ފަޒަލް ޔޫ ހޭވް ނޯ އައިޑިއާ، އަރުފީނަށް އެނގޭނެ އަހަރެން އޭނާ ދެކެ ކިހާ ލޯބިވާކަން، ކިތައް ފަހަރު ބުނާނީ، އަހަންނަށް މިހާރު އެނގޭ އަރުފީނު ނުބުނާނެކަން އަހަރެންދެކެ ލޯބިވެޔޭ، އެކަމަކު އަހަންނަށް އެނގޭ އޭނަ އަހަރެން ދެކެ ލޯބިވާކަން، އަހަރެންގެ ހިތް ބުނޭ އަރުފީނު ވެސް އަހަރެންދެކެ ލޯބިވެޔޭ… އަހަރުމެން ދެމީހުންނަށް ލޯބިވެވުނު ވަގުތު ގޯހީ، އެހެންބުނާއިރު… ލޯބިވާން ވަކި ވަގުތެއް ނޯންނާނެކަން ވެސް އެނގޭ، ލޯބިވުމަށް އެންމެ ފަޅި ސުކުންތެއް ވެސް ފުދޭ… ނޫންތަ ފަޒަލް، ދެން އަހަރެން ކިހިނެއް މަންމަ ގާތު ހުރިހާ ވާހަކައެއް ދައްކާނީ، އަހަރެންގެ ކުރިމަތީ އެއްބަސްނުވި އިރު އެ މޮޔަ އަންހެންކުއްޖާ މަންމަގެ ކުރިމަތީ ބުނާނެތަ އަހަރެންދެކެ ލޯބިވެޔޭ، މިހާރު ވެސް އަހަންނަށް އިހުސާސްވޭ އެންމެ ދެތިން ދުވަސްތެރޭ އަރުފީނު އަހަންނާ ދުރުވެއްޖެކަން، ހިތަށް ވަރަށް ތަދުވޭ އަރުފީނު ފެންނަ ކޮންމެ ފަހަރަކު، ކިތަންމެ ލޯބިވިޔަސް، ކިތަންމެ ހޯދަން ބޭނުންވިޔަސް…. ނުލިބޭނެކަން އެނގޭތީވެ، އަނެއްކޮޅުން ބައްޕަ، ފަޒަލްއަށް އޮޅިފައެއް ނޯންނާނެ ބައްޕަގެ ގޮތެއް، ޒާހިރުބެ ގާތުގައި އަހަންނާއި ނައިރާގެ ކައިވެނި ކުރުވަން ވަޢުދުވެފައިވާއިރު، އެ ވަޢުދު ބައްޕަގެ ހަށިގަނޑުގައި ފުރާނަ ހުއްޓާ ހަމަ ޔަޤީން އުވާނުލާނެކަން، ކޮންމެ ހާލެއްގައި ވެސް ކުރެވުނު ވަޢުދު ފުއްދާނެ، އަހަރެން ހިތަށް އެރީ، އެޓްލީސްޓް ރޭގައި އަރުފީނު ބުނާނެއޭ އޭނަ އަހަރެންދެކެ ލޯބިވެޔޭ، އޭނާގެ އެ ބޮޑު ދެލޮލުން އަހަރެން ލޯބި ދުށީމު، އަހަރެން ބޭނުންނަމަ ކޮންމެ ކަމެއް ވެސް ކުރެވުނީސް…. ފުރަތަމަ ފަހަރަށް އަމިއްލަ ނަފުސު ކޮންޓްރޯލު ނެއްޓިގެން ދިޔަ ވަގުތެއް އެއީ… އެކަމަކު އޭނާގެ ދުލުގައި ތަޅެއްލެވިފައި ވާކަހަލަ، ނޫނީ އޭނާއަށް އެނގެނީ ކަންނޭނގެ ބައްޕައާ ދެކޮޅަށް ތެދުވުމަކީ ދުވަހަކު ވެސް އަހަރެން ކުރާނެކަމެއް ނޫންކަން…. ދެން ބުނެބަލަ ފަޒަލް، އަހަރެން ކާކު ކައިރީ ކީކޭ ބުނާނީ… މަތީގައި މިއޮތް އުޑާ، އެ އުޑުގެ ވެރިފަރާތް ދަންނާނެ އަހަރެން ގޮތް ހުސްވެފައި ހުރިވަރު…” ސީރިއަލް ތަށީގެ ތެރޭ ސަމްސަލުން ހާވާލަ ހާވާލަ އިނދެ ރުހައިލު ވާހަކަދެއްކިއެވެ. ފަޒަލް އޭނާގެ ކޮނޑުގައި އަތްޖައްސާލަމުން ބާރުކޮށްލިއެވެ. ހިތްވަރު ދިނުމުގެ ގޮތުން ކަމެއް ނޫނީ ރުހައިލުގެ މައްޗަށް ހަމްދަރުވީ ކަމެއް ނޭނގެއެވެ. އޭނާގެ މޫނުމަތިން ވެސް ދޭހަވަނީ އެކުވެރިޔާއަށްޓަކައި އެހީވެދެވޭނެ މަގެއް ފެންނަން ނެތްކަމެވެ.
(ނުނިމޭ)