HUREEME THIHITHUN JAAGA DHEYTHO [Part – 04]

“ސަކަރާތްޖަހަން ވެސް ވަކި މިންގަނޑެއް އޮންނަންވާނެ، މިއަދު ކިހާ ދެރަކަމެއް މި ދިމާވީ، ދަރިފުޅުގެ ބައްޕަ ބުނާނީ ކީކޭކަމެއް ވެސް ނޭނގެ، ކީއްވެތަ އަރުފީނު ގުދަނަށް ވަނީ” އަރުފީންގެ މޫނަށް ބަލަހައްޓައިގެން އިނދެ ޝާރުދާ ވާހަކަދެއްކިއެވެ. ރުހައިލު އޭނާގެ މަންމައަށް ކަންތައްވީގޮތް ކިޔައިދިނެވެ. އަދި ބައްޕަ ގާތު ނުބުނުމަށް އެދި އާދޭސްކުރިއެވެ. ޝާރުދާ އެކަމަށް ވަކި ޖަވާބެއް ނުދިނެވެ.

ޑޮކްޓަރ ޒިވަން ގޮވައިގެން އައިސް އަރުފީނުގެ ކޮޓަރިއަށް މަލީކު ވަނެވެ. ޒިވަން، އެނދުގައި އޮތް އަރުފީނު ބެލުމަށްފަހު އޭނާ ހޭ އަރާނޭއިރަކަށް އިންތިޒާރު ކުރުމަށް ބުންޏެވެ. ޓެސްޓެއް ހަދަން އެނގޭނީ ވެސް އެއަށްފަހުގައި ކަމަށް ވެސް ޒިވަން ބުންޏެވެ. ޒިވަން ގޮވައިގެން އެ ކޮޓަރިން މަލީކު ނިކުންނަމުން ރުހައިލަށް ބަލާލިއެވެ. އޭރު ވެސް އޭނާ ހުރީ އެ ކޮޓަރީގެ އެއްފަރާތުގައި މަޑުކޮށްލައިގެން އިސްޖެހިފައެވެ. ޚާއްޞަކޮށް މަލީކުއާ ހަތަރުކަޅި ހަމަކޮށްލަން ނުކެރިފައެވެ.

ޝާރުދާ، އަރުފީނުގެ މޫނާ ދެއަތުގައި ފެންހާކާ ސާފުކުރުމަށްފަހު ތެދުވެ ވަރުޝާ ކޮބާތޯ ބަލާލިއެވެ. ފެންނަން ނެތުމުން ތަބަކުގައި ހުރި ފެންއެއްޗާއި ތެތްތުވާލިކޮޅު ހިފައިގެން އޭނާ ކޮޓަރިން ނިކުތެވެ. ރުހައިލު ދޮރާ ދިމާލަށް އިރުކޮޅަކު ބަލަން ހުރެފައި އައިސް އަރުފީނުގެ ގާތުގައި އެނދުގައި އިށީނެވެ. ލޯ މަރާ ލައިގެން އޮތް އަރުފީނުގެ މޫނަށް ބަލަން އިނދެފައި ރުހައިލު އަރުފީނުގެ އަތްތިލައިގައި ދެއަތުން ހިފާލިއެވެ.

“އަރުފީނު، އަހަންނަށް މާފުކުރޭ، އަހަރެން ހަނދާންނެތުނީ…” އިސްޖަހާލައިގެން އަރުފީނުގެ އަތްތިލައަށް ނަޒަރު ހުއްޓާލައިގެން ރުހައިލު އިނެވެ.

“ދެން ހޭލާ… ޕްލީޒް… އެހެންނޫނީ އަހަރެންގެ އަމިއްލަ ޟަމީރު ވެސް އަހަންނަށް މާފެއް ނުކުރާނެ، ސޯ ޕްލީޒް އަރުފީން، ތިހެން ނޯވެ ތެދުވޭ” އަރުފީނުގެ ހަރަކާތްކެނޑިފައި އޮންނަތާ މާގިނައިރު ވާންފެށުމުން ރުހައިލު، އަރުފީނުގެ ކޮލުގައި މަޑުމަޑުން ޖަހާލަމުން ވާހަކަދެއްކިއެވެ. ނަމަވެސް އަރުފީނުގެ ފަރާތުން އެއްވެސް ބަދަލެއް ނުފެނުނެވެ. ހާސްވެގެން ބޮލުގައި އަތްހާކާލެވުމާއިއެކު ރުހައިލު ތެދުވެ ދެކޮޅަށް ހިނގަންފެށިއެވެ.

“ރުހައިލު… މި ކޮޓަރީގައި ނުހުރެ ދާންވީނު ކޮޓަރިއަށް” ދެކޮޅަށް ހިނގަމުން ދިޔަ ރުހައިލަށް ހުއްޓުމެއް އައީ ދޮރުމަތީ ހުރި މަލީކު ފެނިފައެވެ. ބައްޕައާ ދެކޮޅަށް އެއްޗެއް ބުނާކަށް ރުހައިލަކަށް ނުކެރުނެވެ. އެހެންވެ އަދިވެސް އެއްފަހަރު އަރުފީނަށް ބަލާލާފައި އެ ކޮޓަރިން ނިކުމެގެން ދިޔައެވެ. ދޮރުމަތީ މަޑުކޮށްލައިގެން ހުރި މަލީކު، އެނދުގައި އޮތް އަރުފީނަށް ބަލާލާފައި ފުންނޭވާއެއް ބޭރުކޮށްލަމުން ދެފަރާތަށް ބޯހޫރާލިއެވެ.

“އަހަރެން މިއައީ، އަރުފީނު ހޭއަރަންދެން އަހަރެން މިކޮޓަރީގައި މަޑުކުރާނަން” ޝާރުދާ އައިސް މަލީކުގެ ކޮނޑުގައި އަތްޖައްސާލަމުން ބުންޏެވެ.

“ޝާރުދާ، މީ އަހަންނަށް އެއްގޮތަކަށް ވެސް ކަމުދާ ގޮތެއްނޫން، ރުހައިލު މި އަންހެންކުއްޖާއާ ސަމާސާކުރާކަށް އަހަރެން ބޭނުމެއްނޫން، ޝާރުދާ އޭނާއަށް އެކަން އަންގާ، ބުނޭ މި އަންހެންކުއްޖާއާ ދުރުގައި އުޅޭށޭ…. މިއަދު ފާރޫޤަށް ވެސް އަންގާނަން، މީގެ ފަހުން މި އަންހެންކުއްޖާ ޔުނިވަރސިޓީއަށް ލާފައި ރުހައިލުމެން ބަލާ އައުމަށް، އަހަންނަށް ހީވަނީ މެހެނާޒު ބުނާ ވާހަކަތަކަށް އަހަރުމެން ވެސް ކޮންމެވެސް ވަރަކަށް ވިސްނާލަންވާނެހެން” މަލީކު ބުނެލިއެވެ.

“އަރުފީނަކީ ތިޔަ ހީކުރާކަހަލަ ކުއްޖެއްނޫން، އޭނާ ފިރިހެންކުދިންނާ ގަޔާވެގެން ނޫޅޭ، ކިޔެވުމަށް ސަމާލުކަންދޭތަން އަބަދުވެސް ފެންނަނީ، ރުހައިލަށް ވިސްނައިދޭންވީ….، އަރުފީނުގެ ޢާއިލާމީހުންނަށް މިކަން އެނގިއްޖެއްޔާ ރަނގަޅެއްނުވާނެ، އަހަރުމެންގެ މައްޗަށް އޮތް އިތުބާރު ގެއްލޭނެ، މިގެއިން ނިކުންނަން އަރުފީނު ބޭނުންވެދާނޭތީ އެކަމާ މިހާރު މި ވިސްނެނީ، ބޭނުމެއްނޫން އެހެންވާކަށް، އަރުފީނުގެ މީހުންނަށް މިކަހަލަ ކަމެއް ހިނގިކަން ވެސް އެނގޭކަށް ބޭނުމެއްނޫން….” ޝާރުދާ ވާހަކަދެއްކީ ވަރަށް މަޑުމަޑުންނެވެ. މަލީކު އެއްވެސް އެއްޗެއް ނުބުންޏެވެ. ފަޓުލޫނުގެ އަރިމަތީ ޖީބަށް ދެއަތްޖަހާލުމާއެކު އެނބުރި ޒިވަންގެ ގާތަށް ދިއުމަށް ހިނގައިގަތެވެ.

އަރުފީނު ހޭއެރުމާއެކު ފުންމައިގެން ތެދުވަން އުޅުނެވެ. އެހިނދު ގާތުގައި އިން ޝާރުދާ އޭނާ ހިފެހެއްޓިއެވެ. ޝާރުދާގެ މޫނު ފެނުމާއެކު އަރުފީނަށް ބާރަށް ރޮވިއްޖެއެވެ. އަދި ޝާރުދާގެ ގައިގާ އޮޅުލައިގަތެވެ. އަރުފީނުގެ ހާލުފެނިފައި ޝާރުދާއަށް ވެސް އޭނާގެ ބުރަކަށީގައި ފިރުމާލާފައި ގަޔާކައިރިކޮށްލައިގެން އިނދެވުނީއެވެ.

“ދެން ނުރޮއެ ހުއްޓާލާ، ދައްތައަށް އެނގޭ ރުހައިލު ކުރިކަމެއްކަން އެއީ، ދެން އިރާދަކުރެއްވިއްޔާ ރުހައިލަށް ނުކެރޭނެ އެއްވެސް ކަމެއް ކުރާކަށް، ދެން އަވަހަށް ހުއްޓާލާ…. ބަލާ! މިހިރީ ޑޮކްޓަރ ޒިވަން، އޭނާ އެހުރީ އަރުފީނުގެ ހާލު ބަލަން އައިސް” އަރުފީނު ހަމައަކަށް އެޅުވުމަށް ޝާރުދާ މަސައްކަތްކުރިއެވެ.

ޒިވަން އައިސް އެނދުގައި އިށީނދެ އަރުފީނު ބަލަންފެށިއެވެ. ޑޮކްޓަރ ކަށިގަނޑު ބޭނުންކޮށްގެންނެވެ. އޭނާ ބޭސް ސިޓީއެއް ލިޔެފައި ޝާރުދާއަށް ދިއްކޮށްލިއެވެ. އަދި މަލީކާއި ޝާރުދާއާ ދެ މީހުންނަށް ބަލާލާފައި އަރުފީނު ރަނގަޅުކަމުގައި ބުންޏެވެ. ސިޓީގައި ހުރި ބޭސް ތިން ދުވަސްވަންދެން ބޭނުންކުރުމަށް ވެސް އިރުޝާދުދިނެވެ. ޒިވަން އޭނާގެ މަސައްކަތް ނިމުމުން އެ ގެއިން ދިއުމަށް އެ ކޮޓަރިން ނިކުތީ އަރުފީނު ގާތު އަރާމުކޮށްލުމަށް ބުނެފައެވެ. އޭނާއާއެކު މަލީކު ހުއްޓެވެ. ޝާރުދާ އައިސް އަރުފީނުގެ ކޮނޑުގައި ފިރުމާލަމުން ވާހަކަދެއްކިއެވެ.

“ދެން ދޭ ފެންވަރާ ރީތިވެލަން، ތާޒާވެލަނިކޮށް ހަމަޖެހިދާނެ… ދައްތަ މަޑުކުރާނަން އަރުފީނާއެކު ކާންދިއުމަށް، އަދި ބުނަން… އަރުފީނު ބިރުގަންނާނެކަމެއްނެތް، ރުހައިލަކަށް ނުކެރޭނެ ދެން އަރުފީނަށް އެއްވެސް ކަމެއް ކުރާކަށް، އެކަން ޤަބޫލުކުރޭ، ރުހައިލުގެ ފަރާތުން އަރުފީނަށް ކުރިމަތިވިކަންކަމަށް ދައްތަ މާފަށްއެދެން” ޝާރުދާ އަރުފީނުގެ ބޮލުގައި ފިރުމާލިއެވެ.

އަނގައިން ނުބުނެ އިސްޖަހާލާއިގެން އިން އަރުފީނު ލޮލުގެ ހިމަކޮޅުން އެ ކޮޓަރިން ނިކުމެގެން ދިޔަ ޝާރުދާއަށް ބަލާލިއެވެ. އޭނާ ނިކުމެ އެ ކޮޓަރީގެ ދޮރުލައްޕާލުމާއެކު އަރުފީނު އެނދުމައްޗަށް ވެއްޓިގަތެވެ. އަދި ބާލީހުގައި މޫނު ފޮރުވާލުމާއެކު ރޯންފެށިއެވެ. ހިތުގައި ދުވަހަކު ވެސް ރުހައިލަށް މާފު ނުކުރާން ނިންމުނެވެ. އެގޮތަށް ރޯން އެތައް އިރަކު އޭނާ އޮތެވެ. ތެދުވެ އެނދުގެ މަގަތުގައި އިށީނދެލައިގެން އިނދެފައި ފާޚާނާއަށް ވަންނަން އުޅުނީ މީހާ އެއްކޮށް ހަމައަކަށް އެޅުނީމައެވެ. ބޮލުގައި މަޑު ރިހުމެއް ހުރުމާއެކު ނޭފަތަށް އުނދަގޫވާ ކަހަލަ ގޮތެއް ހުރިކަން އަރުފީނަށް އިހުސާސްވީ ވެސް ދެނެވެ. ގިނައިރު ރުއިމުގެ ސަބަބުން ރޯގާގެ އަސަރު ވެސް އޭރު ހުރީ ކޮށްފައެވެ. ފާޚާނާއަށް ވަދެ ހޫނުފެނުން ފެންވަރާލަން އަރުފީނު ނިންމިއެވެ.

އުއްޑުން އެނދުމައްޗަށް ވެއްޓިގެން އޮތް ރުހައިލުގެ އެއްއަތް އޮތީ ނިތްކުރީގައި ބާއްވާލެވިފައެވެ. މެންދުރު ކާން އައުމަށް ގޮވުމުން އޭނާ ބަނޑުހައި ނުވާކަމުގައި ބުނެ ކޮޓަރިން ނުނިކުތެވެ. ހަޤީޤަތުގައި އޭނާއަށް ވިސްނެމުންދިޔައީ އަރުފީނާ މެދުއެވެ. ޝާރުދާ ބުނީ ތެދެއްކަން ވެސް ވިސްނިއްޖެއެވެ. ސަމާސާ ވިހަވާނީ އެނގިފައެއްނޫނެވެ. ރުހައިލު އުޅުނީ ކުޑަކޮށް އަރުފީނު ބިރުގަންނުވާލާފައި ގުދަނުން ނެރޭށެވެ. ނަމަވެސް އެނގުމަކާ ނުލާ ޝާރުދާމެން ގެއަށް އައުމުން އަރުފީނުގެ މަތިން ރުހައިލު ހަނދާންނެތުނީއެވެ. އެކަމާ އޭނާ މިހާރު ހިތާމަކުރެއެވެ. އެއްވެސް އިރަކު އަރުފީނަށް ދެރަގޮތެއްވުމަކަށް ރުހައިލު ނޭދެއެވެ. ކޮޓަރީގައި ވިސްނުމުގައި އޮއްވާ ރުހައިލަށް ނިދުނީއެވެ. އޭނާއަށް ހޭލެވުނީ އިރުއޮއްސުނު ފަހުންނެވެ. އޭރު ހުރީ ވަރަށް ބޮޑަށް ބަނޑުހައިވެފައެވެ. ނަމަވެސް ކާއެއްޗެއް ކެއުމުގެ ކުރިން އޭނާ ބޭނުންވީ އަރުފީނުގެ ހާލު ބެލުމަށެވެ. އެހެންވެ ކޮޓަރިން ނިކުމެގެން އައިސް އަރުފީނުގެ ކޮޓަރީގައި ޓަކި ދިނެވެ. ދެފަހަރު ޓަކިދިން އިރަށް އަރުފީނު ދޮރު ހުޅުވާލިއެވެ.

“އަރުފީ….” ރުހައިލަށް އެއްޗެއް ނުބުނެވިގެން އުޅެނިކޮށް އަރުފީނު ދޮރުލެއްޕިއެވެ. ރުހައިލު ޓަކިޖެހުމަށް އަތްހިއްލާލި ތަނާ ކޮޓަރީގެ ދޮރު ތަޅުލި އަޑު ވެސް އޭނާއަށް އިވުނެވެ.

“ތޭންކް ގޯޑް ޔޫ އަރ އޯކޭ… އައި އެމް ސޮރީ…” މަޑުމޮޅިކަމާއެކު ހިއްލާލި އަތް ތިރިކޮށްލަމުން ރުހައިލު ބުނެލިއެވެ. އިތުރަށް އަރުފީނަށް އުނދަގޫކުރާން އޭނާއަށް ނުކެރުނީއެވެ.

* * * *

ދުރުގައި ބަލަން ހުރެފައި އުނައިސް އައިސް ބޮޑުކޮޓަރީގެ ސޯފާގައި އިށީނެވެ. އޭރު އުޒައިރު ޗޮކުލެޓެއް ކަމުން ޓީވީ ބަލަން އިނެވެ. ވަށައިގެން ހޯދާލާފައި މީހަކު ފެންނަން ނެތުމުން އުނައިސް އޭނާގެ ކޮއްކޮއާ ވާހަކަދައްކަން ފެށިއެވެ. ދުރުދުރުން ފެށި ވާހަކަ އޭނާ ނިންމާލީ ސޮފޫރާއާ ހަމައިންނެވެ. އުޒައިރުގެ ގާތުގައި އެތައް ވާހަކައެއް ދެއްކިފަހުން އޭނާއަށް ފެނުނު މަންޒަރު ކިޔައިދިނެވެ. ފަންކާގައި ސޮފޫރާ އެލިފައި ހުރިގޮތެވެ. ކުއްލި ސިހުމެއް އުނައިސްއަށް ލިބިގެންދިޔައެވެ. އޭނާ ކުރިއަށްވުރެ ބޮޑަށް ސޮފޫރާއާ މެދު ވިސްނާލިއެވެ. އަމިއްލައަށް މަރުވާވަރުގެ ކަމަކަށް ސޮފޫރާއަށް ދިމާވީ ކޮންކަމެއްބާއޭ އޭނާގެ ސިކުނޑިއަށް އަރަމުންދިޔައެވެ. އުޒައިރު ބުނަނީ ސޮފޫރާ ކުރީ ގޯސްކަމެއް ކަމުގައެވެ. އެއީ ކޮންކަމެއްކަން އުނައިސްއަށް ކިޔައިދޭކަށް އުޒައިރަކަށް ނޭނގުނެވެ. އިރުކޮޅަކު ސޯފާގައި އިނދެފައި އުނައިސް އަނެއްކާ ވެސް އައީ ސޮފޫރާ ހުންނަ ކޮޓަރިއަށެވެ. ހުޅުވާފައި ހުރި ދޮރުން ކޮޓަރިތެރޭގައި ހުރި ކުޑަދޮރުކައިރީ ހުއްޓިލައިގެން ހުރި ސޮފޫރާއަށް އުނައިސް ބަލަންފެށިއެވެ.

“ހާއި… ވަންނަންތަ؟” ވިސްނަވިސްނާފައި ތަންކޮޅެއް ބާރަށް އުނައިސް އަހާލިއެވެ. އެއާއެކު ސޮފޫރާ އެނބުރި އުނައިސްއަށް ބަލާލިއެވެ. ނަމަވެސް އަނގައިންނެއް ނުބުންޏެވެ.

“އަހަރެން މީ އުނައިސް، ލުތުފީގެ ބޮޑުކުއްޖާ… އެނގޭ ދޯ…” ސޮފޫރާއާ ދެމެދުގައި ވާހަކައެއް ފެށޭތޯ އުނައިސް މަސައްކަތްކުރިއެވެ. މިފަހަރު ސޮފޫރާ އަނގައިން ނުބުނިކަމުގައި ވިޔަސް މަޑުމަޑުން ބޯޖަހާލިއެވެ.

“އާތިޤާދައްތަ ވީތަނެއް އެނގޭތަ؟” އުނައިސްއަށް އިތުރަށް ބުނާނެ އެއްޗެއް ނޭނގިގެން އަހާލިއެވެ.

“މަންމަ ފިހާރައަކަށް ދިޔައީ، ސީތާއައެކު” ސޮފޫރާގެ އަޑު އުނައިސްއަށް އިވުނީ ވަރަށް ސަމާލުވެ ހުރީމައެވެ.

“ކީއްވެ ބޭރަށް ނުނިކުންނަނީ؟ ފޫއްސެއް ވެސް ނުވޭތަ އަބަދު ކޮޓަރީގައި ހުންނަން” އުނައިސް މިހެން ބުނުމުން ސޮފޫރާ އާނއެކޭ ބުނުމުގެ ގޮތުން ބޯޖަހާލިއެވެ. އެވަރުން އުނައިސްއަކަށް ނުފުދުނެވެ.

“ކޮފީ ބޮންތަ؟ އަހަންނާއެކު ޓެރެސްގައި ކޮފީއެއްގައި ބައިވެރިވެދާނަންތަ؟ އުޑުމަތި ވަރަށް ރީތި ރެޔެއް” އުނައިސް މިހެން ބުނުމުން ސޮފޫރާ އިރުކޮޅަކު އޭނާއަށް ބަލަހައްޓައިގެން ހުއްޓެވެ. ދެކޮޅަށް އެނބުރިލަމުން ކަހަލަ ގޮތަކަށް އުނައިސް ޖީބަށް އަތްޖަހާލާފައި އަނެއްއަތުން ބޯކަހާލާފައި އެ ކޮޓަރިން ނިކުންނަން ހިނގައިގަތެވެ.

“އޯކޭ…” ސޮފޫރާގެ އަޑު އިވިފައި އުނައިސް އެނބުރި ބަލާލީ ޔަޤީންނުވެގެނެވެ. އެހިނދު ދެވަނަ ފަހަރަށް ސޮފޫރާ އޭނާގެ ޖަވާބު ތަކުރާރުކޮށްލިއެވެ. ފިރިހެންވަންތަ ލުއި ހިނިތުންވުމެއް ބަދަލުކޮށްލާފައި އުނައިސް އެ ކޮޓަރިން ނިކުތެވެ.

ޑރ. ޝާންގެ ސެޝަންތަކަށް ސޮފޫރާ ދާންފެށިފަހުން އޭނާގެ ހިތާ ސިކުނޑިއަށް ކޮންމެވެސް ވަރެއްގެ ލުޔެއްލިބިފައިވެއެވެ. ނަމަވެސް އަދީބު ކުރި ކަންތައް އޭނާގެ ހަނދާނުން ފޮހެވިގެނެއް ނުދާނެއެވެ. ޑރ.ޝާން އޭނާއަށް ދަސްކޮށްދެނީ މުސްތަޤުބަލަށް މާޒީގެ ހިޔަނިއެޅުނަ ނުދީ ކުރިއަށް ދިއުމަށެވެ. އަމިއްލަ ނަފުސަށް އޮތް އިތުބާރު އަލުން ހޯދާނީ ކިހިނެއްކަމެވެ. މީހުންގެ ތެރޭގައި ހަރަކާތްތެރިވެ އަލުން އުޅޭނީ ކިހިނެއްކަމެވެ. އެއްފުރާޅެއްގެ ދަށުގައި އުޅޭ މީހުންނާ ނުގުޅި އުޅުމަކީ ރަނގަޅުކަމެއް ނޫންކަން ސޮފޫރާއަށް ވިސްނެއެވެ. އުނައިސް ދަޢުވަތު ދިނުމުން އެ ދަޢުވަތު ޤަބޫލުކުރީ އެހެންވެއެވެ. ނަމަވެސް ފިރިހެނުންނާ ވާހަކަދެއްކުން ފަސޭހަކަމަށް މިހާރު ސޮފޫރާއަށް ނުވެއެވެ. އަދިވެސް އިތުބާރު ނުކުރެވެނީއެވެ. ފުރަތަމަފަހަރަށް ހިނގަންދަސްކުރާ ކުޑަކުއްޖާ ފަދައިން ސޮފޫރާ މިއަދު އެދަނީ ދުނިޔެއާ ކުރިމަތިލާން ދަސްކުރަމުންނެވެ. ޑރ.ޝާންގެ އިތުރުން މާހައުލު ބަދަލުވުމުން އޭނާއަށް ވަރަށް ބޮޑު ހިތްވަރެއްވަނީ ލިބިފައެވެ.

ޓެރެސްގެ މެދުގައި ދެމީހުންނަށް އިށީނދެވޭ ގޮތަށް ހުރި މޭޒު ރެއިލިންގެ ކައިރިއަށް ޖައްސާލުމާއެކު އޭގެ ކައިރީ ދެ ގޮނޑި ބެހެއްޓިއެވެ. އަދި ދެ ޖޯޑު ކޮފީ އަމިއްލައަށް ތައްޔާރުކޮށްލައިގެން ގެނެސް މޭޒުމަތީ ބަހައްޓާލާފައި ޓެރެސްއަށް އަރަށް ހުރި ދޮރާ ދިމާލަށް އުނައިސް ނަޒަރު ހުއްޓާލިއެވެ. ސޮފޫރާ އަންނަން ދެން ގޮނޑީގައި މަޑުކޮށްލުމަށް އުނައިސް އިށީންނާން އުޅެނިކޮށް އޭނާގެ ލޮލުގައި ސޮފޫރާ އަޅައިގަތެވެ. އެ ދޮން މޫނު ފެނުނު ފުރަތަމަ ދުވަސްހެން މިހާރު ވެސް އުނައިސްގެ ހިތަށް ގޮތްތަކެއް ވެގެންދިޔައެވެ. ބުނެދޭންނޭނގޭ ފަދަ އިހުސާސްތަކެކެވެ. ލުއި ހިނިތުންވުމަކާއެކު ކުރިމަތީ ހުރި ގޮނޑީގައި އިށީނުމަށް ސޮފޫރާއަށް އުނައިސް އިޝާރާތްކޮށްލިއެވެ.

“ހަކުރު…” ކޮފީތައްޓަށް ހަކުރު އަޅައިދޭން އުނައިސް އުޅުނެވެ. އެހިނދު ކޮފީތައްޓާ ދިމާ ހުރަސްކޮށްލި އަތްތިލައާއެކު ސޮފޫރާ ދެފަރާތަށް ބޯހޫރާލިއެވެ.

މަޑުމަޑުން ތިބެ ދެމީހުން ކޮފީ ބޮމުން ދިޔައިރު އުނައިސް ވިސްނަމުން ދިޔައީ ސޮފޫރާގެ މާޒީ އޮޅުން ފިލުވުމަށް ހަދާނެ ގޮތަކާމެދުއެވެ. ކުރެވޭ ސުވާލަކުން ސޮފޫރާ ހިނގައިދާނޭތީ އެކަމާ މާ ބޮޑަށް އޭނާއަށް ވިސްނެއެވެ.

“ބައްޕަ ބުނުއްވި ސޮފޫރާމެންގެ ބޮޑުބޭބެ ހުންނަނީ ރަށުގައޭ، އެއީ ތެދެއްތަ؟” ދައްކާނެ ވާހަކައެއް ނޭނގި އިނދެ އުނައިސް ބުނެލިއެވެ.

“ބައްޕައަށް ނާދެވިގެން އުޅެނީ ވިޔަފާރީގޭގެ ކަންތަކުގައި އުޅޭތީ” ސޮފޫރާ ބައްޕައޭ ބުނުމުން އިތުރަށް އުނައިސް ސުވާލު އުފެދުނެވެ. އެހެންވެ ބައްޕައަކީ ކާކުތޯ ސޮފޫރާގެ ގާތުން އަހާލިއެވެ. އެއާއެކު ސޮފޫރާ، ޙައިދަރުއަށް ބައްޕަ ކިޔަންޖެހުނު ގޮތް އުނައިސްއަށް އޮޅުން ފިލުވާދިނެވެ.

އިސްތަށިގަނޑުން ހުޅިއެއްޖަހާލަފައި ހުރިއިރު ސޮފުރާގެ ބޮލުގެ ހުރިހާ އިސްތައްޓެއް އެ ހުޅިއާއެކު ހައްޔަރެއްނުކުރެވުނެވެ. ރޭގަނޑުގެ ވައިރޯޅިތަކުގެ ފިނިކަން ބޮމުންދިޔަ ހޫނު ކޮފީއިން ފިލުވާދެމުން ދިޔަ ނަމަވެސް މޫނުގައި ހޭކެމުންދިޔަ އިސްތަށިތަކުން ސަލާމަތްވާގޮތެއްނުވިއެވެ. އިށީނދެއިން ބޮޑު ގޮނޑިއަށް ދެފައި އަރުވާލަމުން ސޮފޫރާ ހަމަޖެހިލި އިރުވެސް އޭގައި ހުސްޖާގައޮތެވެ. މޭޒުގެ އަނެއްފަރާތުގައި އިން އުނައިސްގެ ހުރިހާ ސަމާލުކަމެއް ވަނީ ސޮފޫރާގެ ހަރަކާތްތަކަށް ހުއްޓިފައެވެ. ސޮފޫރާގެ ރީތިކަމުގައި ދަމާ ބާރެއް ހުރި ކަހަލައެވެ. އުނައިސްގެ ޝައުގުވެރިކަން އޭނާއަށް ހުއްޓިފައިވަނީ އެހެންވެއެވެ.

* * * *

ރުހައިލު ބަދިގެއަށް ވަންއިރު ޖައުހަރީ ބޯތަށްޓަކަށް ކޮންމެވެސް ކަހަލަ ސޫފެއް އަޅައިގެން ތަބަކެއްގައި ބަހައްޓަނީއެވެ. އޭރު ފާންފޮތިތަކެއް އަޅާފައި ހުރި ތައްޓެއް ވެސް އޭގެ ކައިރީ ހުއްޓެވެ. އެ ގަޑީގައި އެފަދަ ކާއެއްޗެއް ގެންދަނީ ކާކައްތޯ ރުހައިލު ސުވާލު ކުރިއެވެ.

“ޝާރުދާ މެޑަމް ވިދާޅުވީ އަރުފީނުގެ ރޫމަށް ކާއެއްޗެހި ގެންދިއުމަށް” ޖައުހަރީ ބުންޏެވެ. އަދި ތަބަކުގައި ހުރިހާ ތަށިތަކެއް ހަމަވުމުން އެ ހިފައިގެން ބަދިގެއިން ނިކުތެވެ.

އެއްޗެއް ނުބުނެ އިރުކޮޅަކު ހުރެފައި ރުހައިލު އައިސް މެދުގައި ހުރި ކަބަޑުސެޓުގެ ކައިރީ ހުރި ގޮނޑިތަކުން ގޮނޑިއެއްގައި އިށީނެވެ. އޭނާގެ ފަހަތުން ބަދިގެއަށް ވަރުޝާ ވަންކަން އެނގުނީ ވެސް ރުހައިލަށް އޭނާ ގޮވާލުމުންނެވެ. އޭނާ އަވަސް އަރުވާލާފައި އައިސް ރުހައިލަށް ކާން ހަދަންވީތޯ އަހާލިއެވެ.

“ސޭންޑްވިޗްއެއް އެކަނި ބޭނުމީ، ކޮފީއެއް ވެސް ހަދައިދެއްޗޭ…. ޓެރެސްއަށް ގެނެސްދީ” ރުހައިލު މިހެން ބުނެ ބަދިގެއިން ނިކުތެވެ. ހީވަނީ އެހެންމީހުންނާ އެކަހެރިވެލަން ބޭނުންވެފައި ހުރި ހެނެވެ.

އެކަނިމާ އެކަނި ހާމަފެންޑާގައި ކޮފީމަގު ހިފާލައިގެން ހުރިއިރު ރުހައިލުގެ ނަޒަރު ހުރީ ދުރަށް ހުއްޓިފައެވެ. ވަކި ދިމާލެއް ބެލުމުގެ ގަސްދުގައެއް ނޫނެވެ. އެހެންނަމަވެސް ސިކުނޑީގެ ކުޑަދޮރުން އޭނާ ބަލަމުން ދިޔައީ އެހެން މީހުންނަށް ނުފެންނަ މަންޒަރެކެވެ. ހުއްޓުމެއްނެތި ލޯ ކުރިމަތިން ސިފަވަމުންދިޔައީ އަރުފީނު ބިރުގެންފައި ހުރި ވަރެވެ. އޭނާގެ ދެ އަތުގެ ތެރެއަށް އަރުފީނު ގެނެސް ލުމުން ޚަބަރު ހުސްވެގެން އެ ދެއަތުގެ ތެރެއަށް އޭނާގެ ހަށިގަނޑު ދޫވިގޮތެވެ. ލުއިލުއި ފަތެއްހެން އަރުފީނުގެ ހަށިގަނޑު އުފުލާލަމުން އެ މޫނަށް ބަލާލުމުން އެހެންޏާ ނުވާގޮތެއް ރުހައިލަށް ވެގެންދިޔަކެމެވެ. ހިތުގައި އެހެންޏާ ނުވާ ނާރަކަށް ވާންވެލި ކަހަލައެވެ. މުޅި ދުނިޔެ ވެސް ބަދަލުވެގެން ދިޔަ ކަހަލައެވެ. ކާއިނާތުގައިވާ ހުރިހާ ކަމަކަށްވުރެ އެވަގުތު އަތުގައި އޮތް އަންހެންކުއްޖާއަށް ރުހައިލަށް ދެވުނު ސަމާލުކަން އިތުރުވެގެންދިޔައެވެ. އަރުފީނަށް ކަމެއްވެދާނޭތީ އޭނާގެ ހިތް ބާރަށް ތެޅެމުންދިޔައިރު ދުވަހަކު ވެސް ކަމަކާމެދު ބިރުނުގަންނަ ވަރަށް އޭނާ ހުރީ ބިރުގަނެފައެވެ. ހާސްވެ ކަންބޮޑުވެފައެވެ. ކުޑަކުޑަ ހިނދުކޮޅެއްގެ ތެރޭ މިހާބޮޑު ބަދަލެއް އަތުވެދާނެކަމާމެދު ރުހައިލު އޭނަގެ ޟަމީރާ ސުވާލުކުރެއެވެ. ފުންމިން ނޭނގޭ ތަދެއް އޭނާގެ ހިތް ތޮރުފަމުން ދަނީ ކީއްވެބާއޭ ރުހައިލުގެ އަމިއްލަ ނަފުސާ އޭނާ ސުވާލުކުރާ ކަހަލައެވެ. ކުރެވޭ އިހުސާސް ބަޔާންކުރުން ތަދިވެ ނުކުޅެދޭންވީ ސަބަބެއް ސިކުނޑިއަށް ކިތަންމެ ބާރެއްލި ކަމުގައި ވިޔަސް ނޭނގުނެވެ. ޔަޤީނުން ވެސް މީގެ ކުރިން އަރުފީނަށް ބަލާލުމުން ނުފެންނަ ރީތިކަމެއް ހާސާވެގެން ހިނގައްޖެއެވެ.

“ރުހައިލު….” އަނދިރީގެ ތެރޭގައި އެކަނިމާއެކަނި ރެއިލިންގގައި ހިފަހައްޓާލައިގެން ފުރަގަސްދީގެން ހުރި ރުހައިލަށް ޝާރުދާ ގޮވާލިއެވެ.

“މަންމަ! މިތަނުގައި ކީއްތޯކުރައްވަނީ؟” ދެ ނަމާދު ދޭތެރެކަމަށްވީތީ ޝާރުދާ އުޅޭނީ އަޅުކަމުގައިކަން ރުހައިލަށް އެނގޭތީ އެ ވަގުތު އެ ތަނުން ޝާރުދާ ފެނުމުން އޭނާއަށް އަހާލެވުނެވެ.

“މަންމައަށް ވެސް ތި ސުވާލު ދަރިފުޅާ ކުރެވިދާނެ” ކުޑަކޮށް ހީނލާފައި އައިސް ހާމަފެންޑާގެ ބޮކިތައް ޝާރުދާ ދިއްލާލިއެވެ. އަދި އެއްފަރާތުގައި ހުރި އުނދޯލީގައި އިށީނދެ އެއްފައިން ކުޑަކޮށް ހެއްލާލިއެވެ.

އަތުކުރިއަށް ރުހައިލަށް ބަލާލެވުނީ ގަޑިން ވީއިރެއް ބަލާލުމަށެވެ. އެހެންނަމަވެސް ރޭގައި ނިދަން ވެގެން ގަޑި ނެގިގޮތަށް އޭތި އޮތީ ރީތިވާ މޭޒުމަތީކަން ހަނދާންވީ ދެނެވެ. ހާމަފެންޑާގެ ތިރިފާރުބުރީގައި ހަރުކޮށްފައި ހުރި ރެއިލިންގައި ލެނގިލަމުން ރުހައިލު އޭނާގެ މަންމައަށް ހިނިތުންވެލިއެވެ. ބުނާނެ އެއްޗެއް ނޭނގިފައި ހުރި މީހަކު ފަދައިންނެވެ.

“މަންމަ މިއައީ ދަރިފުޅު ގާތު ވާހަކައެއް ބުނަންވެގެން، ވަރުޝާ ބުނީ ރުހައިލު މިތަނުގައި ހުރި ވާހަކަ” ޝާރުދާ ބުންޏެވެ. ރުހައިލު އަތުގައި އޮތް ކޮފީމަގުގައި ދެއަތުން ހިފާލައިގެން އެއަށް ނަޒަރުހުއްޓާލައިގެން ހުއްޓެވެ. ޝާރުދާ ބުނަން އުޅޭ އެއްޗެއް އަޑުއަހަން ތައްޔާރުވެގެން ހުރި ކަހަލައެވެ.

“އަރުފީނަކީ ވެސް އަންހެންކުއްޖެއް، ތި އުމުރުގައި އަންހެންކުދިންނާ ފިރިހެންކުދިން އެހާ ގާތްކޮށް އުޅުމަކީ ރަނގަޅުކަމެއް ކަމަކަށް މަންމައަކަށް ވެސް ނުފެނޭ، ރުހައިލު ތިއުޅޭ ގޮތް ހުއްޓާލަން މަންމައަށް ފެނޭ، މީގެ ފަހުން އެއްގޮތަކަށް ވެސް އަރުފީނާ ސަމާސާކޮށްގެން ނުވާނެ، އޭނާއަކީ މިގެއަށް ކިޔަވަން އައިސް ހުރި ކުއްޖެއް، އޭނާގެ ކިޔެވުން ނިމުނީމަ އެނބުރި އޭނާގެ ޢާއިލާގެ ގާތަށް ދާނެ، އަހަރުމެންނާ އެއްވެސް ގުޅުމެއް އޮތް ކުއްޖެއްނޫން އެއީ…. ބައްޕަ ބުނުއްވީ، ރުހައިލަށް އެންގުމަށް މީގެ ފަހުން އަރުފީނާ އެއްގޮތަކަށް ވެސް ވާހަކަ ނުދެއްކުމަށް، ބައްޕަ ހުންނެވީ ވަރަށް ބޮޑަށް ރުހައިލު ދެކެ ހިތްހަމަނުޖެހިލައްވާފައި…. ރުހައިލު… ދަރިފުޅު ވެސް މިހާރު ކުޑައެއްނޫން، މި އަހަރު ސައުވީސް ފުރޭއިރު، ނިކަން ހަރުދަނާ ވާންވެއްޖެ، ކިޔަވާ ވެސް މިއަހަރު ނިމޭނެ، އެހެންވީމަ ވަޒީފާއަކާ މެދު ވެސް ވިސްނަންވެއްޖެ، މަންމަގެ ހުރިހާ އުންމީދަކީ ވެސް މިހާރު ތީ، ރުހައިލަކީ ހަރުދަނާ ރަނގަޅު ކުއްޖަކަށްވުން…. މި ދެއްކި ވާހަކަތަކާމެދު ދަރިފުޅު ވިސްނާނަންތަ؟” މަޑުމަޑުން ހެއްލަމުން ދިޔަ އުނދޯލި ޝާރުދާ މަޑުޖައްސާލިއެވެ.

“ލައްބަ” އިސްޖެހިފައި ހުރިގޮތަށް ހުރެ ރުހައިލު ބުނެލިއެވެ.

“ދަރިފުޅު ގަސްދުގައި އަރުފީނަށް ކުރިކަމެއް ނޫންކަން މަންމައަށް އެނގޭ، އެހެންވިޔަސް އެކަމުން ދަރިފުޅަށް ރަނގަޅު ފިލާވަޅެއް ލިބިއްޖެކަމުގައި މަންމަ ހީކުރަން، އަރުފީނުގެ ހާލު މިހާރު ރަނގަޅު، ނަސީބަކުން ބޮޑުކަމެއް ނުވޭ، ގުދަންތެރެ އަނދިރިކަމުން އޭނާއަށް ދެވޭނުދެވޭ ތަނެއް ނޭނގުމުގެ ސަބަބުން ނިތްކުރިއާ ނޭފަތް ފަޅައިގެންދިޔައީ، ޒިވަން ހުރީ ބޭސްދީފައި، އެ ބޭނުންކުރަނިކޮށް ދެތިން ދުވަހެއް ތެރޭ ރަނގަޅުވެދާނެ، އެކަމާ ދަރިފުޅު ވިސްނާހެން ހީވާތީ މި ބުނެލީ… ދެން ތިހެން ނުހުރެ ދޭ ތިރިއަށް، ހަވީރު ފަޒަލް އައި ދަރިފުޅު ހޯދަން ވެސް، ހުޅުވޭ ހަފްތާގައި ޓެސްޓު ފެށޭ ވާހަކަ ފަޒަލް ބުނި، އެހެންވީމަ ކޯހުގައި ބާކީ މިއޮތް މަދު ދުވަސްކޮޅުގެ ތެރޭގައި ރަނގަޅު ނަތީޖާއެއް ނެރެވޭތޯ މަސައްކަތްކުރާންވާނެ، ވަގުތުތައް ބޭކަރުކޮށްނުލާ ފަޒަލްއާ ދެކުދިން މިހާރުއްސުރެން ކިޔެވުމުގައި މަސްއޫލުވާންވީ، އޭރުން ދެން ވެސް ބައްޕަ ހިތްހަމަޖެހިލައްވާނީ” ޝާރުދާ މިހެންބުނެ ތެދުވިއެވެ. އަދި އައިސް ކުރިމަތީގައި ހުރި ބިއްލޫރުކުޑަމޭޒުގެ މަތިން ރުހައިލުގެ ސޭންޑުވިޗް ލައިގެން ގެނައި ތަށިނެގިއެވެ. އެހިނދު ރުހައިލު ވެސް ކޮފީ ހުސްކުރި މަގު ހިފައިގެން ހާމަފެންޑާއިން ފައިބަން ހިނގައިގަތެވެ.

* * * *

މުޅިން އައު ދުވަހަކަށް ދުނިޔެ ތައްޔާރުވެލިއެވެ. ހުރަހެއްނެތި ގޯތިތެރެއަށް އެޅިފައިވާ ރަންދޯއްޖާއިއެކު މުށިތަކުގައި ފޮޅިފައި ހުރި މާތަކާއި އިންދާފައި ހުރި ގަސްތައް ހިނިތުންވެލައިގެން ތިއްބެވެ. ޖެހިލާ މަޑުމަޑު ވައިރޯޅީގެ އާވިކަން ފިނިކޮށްލުމަށް އެ ވައިރޯޅިތަކާ އެއްވަރަށް ފަތްތަށް ނަށަމުންދިޔައެވެ. ފެނުމުން ހިތަށް ފިނިކަން ލިބޭ ފަދަ ހިތްގައިމު މަންޒަރެކެވެ. ހެނދުނުގެ ތާޒާކަމުގައި ބަގީޗާގައި ހުރި ހުދާއި ރަތުން މަސްހުނިވެފައިވާ ކާނޭޝަންމާތަކާ ދިމާލުގައި ދެތިން ކޮކާ އުފާކުރުމުގައި މިނިވަންކަމާއެކު އުދުހިއުދިހައި އުޅެއެވެ.

ޕޯޓިކޯއަށް ހުޅުވާލެފައި ހުރި ބޮޑުކޮޓަރީގެ ފުޅާ ދޮރުން ރުހައިލް އާއި ފަޒަލް ނިކުތެވެ. ފަޒާގައި ހަރުލާފައި ހުރި ތާޒާކަމުން އުފާލިބިގަންނަ ފަދަ ގޮތަކަށް ވަށައިގެން ބަލާލުމާއެކު ފުންނޭވާއެއް އެތެރެހައްޓަށް ދަމާލުމާއެކު ރުހައިލު މަޑުމަޑުން ބޭރުކޮށްލިއެވެ. އެ މީހުންގެ ފަހަތުން ޝާރުދާ ނިކުތެވެ. ގޭޓުގެ ކުރިމަތީ އޮތް ކާރާ ދިމާއަށް ހިނގައިގަނެފައި ވެސް ރުހައިލު ހުއްޓި ޝާރުދާއަށް ފަސްއެނބުރި ބަލާލިއެވެ.

“އަޅުގަނޑުމެން އެކަނިތޯ ދަނީ” ރުހައިލު އަހާލިއެވެ.

“އާނ! އަރުފީނު މާކުރިން ފޮނުވާލައިފިން، ރުހައިލުގެ ބައްޕަ ހަމަޖެއްސެވިގޮތް އެއީ” ދަރިފުޅުގެ ފަހަތުން ގޭޓާ ހަމައަށް އައި ޝާރުދާ ބުނެލިއެވެ. ވަގުތުން ރުހައިލުގެ އިސް ތިރިކޮށްލައިގެން ހުރެ ފިޔަވަޅު ގުނާ މީހަކު ހެން އައިސް ކާރަށް އެރިއެވެ.

ޔުނިވަރސިޓީގެ ބައެއް ފެކަލްޓީތަކުގެ އިމްތިހާނު ފެށިގެން ކުރިއަށް ދިޔައިރު ރުހައިލު އާއި ފަޒަލްއަށް ވެސް މީ އިމްތިހާ ދުވަސްވަރެވެ. ހަމައެއާއެކު އަރުފީނަށް ވެސް ވަނީ އިމްތިހާނު ފެށިފައެވެ. އޭނާ ކިޔަވައިދިނުމުގެ ދާއިރާއިން މަތީ ތަޢުލީމު ހާޟިލުކުރަމުން ދިޔައީ އެނބުރި ރަށަށް އައިސް، ރަށު ސުކޫލުގައި ވަޒީފާ އަދާކުރަން ބޭނުންވާތީއެވެ. އެއަށްވުރެ ބޮޑަށް އަރުފީނަކީ ބަޔަކަށް އުންގަންނައިދިނުމުގެ ޚިޔާލު ޅައުމުރުއްސުރެން ގެންގުޅޭ ކުއްޖެކެވެ. ޓީޗަރަކަށް ވާން ބޭނުންވީ ވެސް އެހެންވެއެވެ. އެ ދާއިރާއިން ދެވެން އޮތް އެންމެ މައްޗަކަށް ދާން އޭނާ ބޭނުންވެއެވެ. އަދި ޙައިދަރު ހުރީ އޭނާގެ ހުރިހާ އުންމީދުތަކެއް ފުރިހަމަކޮށްދޭންކަން އަރުފީނަށް އެނގެއެވެ. އެހެންވެ ބައްޕަ އާއި އޭނާ ގެންގުޅެ ބޮޑުކުރި މަންމަ އުފާވާނޭ ފަދަ ނަތީޖާއެއް ނެރުމަށް ހިންމަތްކުރުމަކީ އޭނާގެ ވާޖިބެއްކަމުގައި ދުށްޓެވެ.

އިމްތިހާނު ނިންމާފައި ފެކަލްޓީތަކުން ނިކުން ދަރިވަރުންތައް ޔުނިވަރސިޓީގެ ގޯތިތެރެ ހަލަބޮލިކޮށްލިއެވެ. ނަމަވެސް އެ ހުރިހާ އެންމެންގެ ތެރެއިން އެކަހެރިކޮށް ބެންޗެއްގައި ފޮތެއްކިޔަން އިން އަރުފީނު ހޯދުމަށް އުނދަގުލެއްނުވިއެވެ. ހުރެވުނީ ކިތަންމެ ދުރުގައި ނަމަވެސް ރުހައިލުގެ ލޯ ހުރީ އަރުފީނަށް އަމާޒުވެފައެވެ. އަރުފީނު ފިޔަވައި ވަށައިގެން ތިބިއެހެންމީހުންގެ މޫނުތައް ފުސްވެފައި ވާ ކަހަލައެވެ. ބޭއިޚްތިޔާރުގައި ކުރިއަށް ފިޔަވަޅު އަޅަންފެށުނީ އަރުފީނު އިން ދިމާލަށް ދިއުމަށެވެ.

“ރުހައިލު، ކޮންތާކަށް” ރުހައިލުގެ ކޮނޑުގައި އަތްޖައްސާލަމުން ފަޒަލް އަހާލިއެވެ.

“ބެންޗަށް، ފަޒަލް ދޭ މިލާން ކައިރިއަށް، އަހަރެން އިރުކޮޅަކުން ތިމީހުންނާ ޖޮއިންވާނަން” ރުހައިލު ބުނެލިއެވެ.

“އޯކޭ، އެކަމް ލަސްނުވެ އަންނައްޗޭ، އަހަރުމެން ދާނީ މިތާ ކައިރީ ހުރި ހޮޓްޗިލީއަށް، އަންނަންވާއިރަށް އެއްވެސް އެއްޗަކަށް އޯޑާރ ދޭނެތަ؟” ފަޒަލް އަހާލިއެވެ.

“ނޫން! އަހަރެން ގޮސްފަ އެކަން ހަމަޖައްސާނީ” ރުހައިލު ބުނެލިއެވެ. އަދި ފަޒަލް، މިލާން އާއި ވިޝާކާގެ ގާތަށް ދަންދެން މަޑުކޮށްލައިގެން ހުއްޓެވެ. އެމީހުން އަންނަން ފެށުމުން ރުހައިލު ހިނގައިގަތީ ބެންޗުތަކާ ދިމާލަށެވެ. އެކަމަކު ފަޒަލްއަށް އޭނާ އަރުފީނާ ބައްދަލުކުރަން އުޅޭކަން އެނގެން ބޭނުންނުވާތީ ރުހައިލު ހިނގައިގަތީ ބެންޗެއްގައި ތިބި އޭނާގެ ރައްޓެހިންތަކަކާ ދިމާލަށެވެ. އޭނާއަށް ބަލާލާފައި ފަޒަލް، މިލާން އާއި ވިޝާކާއާއެކު ޔުނިވަރސިޓީ ގޭޓުން ނިކުންނަން ދިޔައެވެ.

ލޯމަތިން ފަޒަލް ގެއްލުމާއެކު އަނެއްކާ ވެސް ރުހައިލަށް ހޯދާލެވުނީ އެކަނިމާއެކަނި އިން އަރުފީނެވެ. ކޮނޑުގައި އޮތް ދަބަސް ރަނގަޅުކޮށްލުމާއެކު ފަޓުލޫނުގެ ދެޖީބަށް އަތްތިލަ ކޮށްޕާލަމުން ދެ ފަރާތް ހޯދަމުން ކަހަލަ ގޮތަކަށް އައިސް އަރުފީނު އިށީނދެގެން އިން ބެންޗުގެ ކުރިމަތީ ހުއްޓުނެވެ.

“އަހަރެން މިތާ އިށީނަސް ހެޔޮތަ؟” ރުހައިލު މިހެން އަހާލިއިރު އޭނާގެ ޖީބުގައި އޮތް ދެއަތްތިލަ ވަނީ މުއްކަވާލެވިފައެވެ. ދެބުމަ ކައިރިކޮށްލައިގެން ހުރިއިރު މޫނުމަތިން ހީވަނީ ނޭވާ ހިފަހައްޓާލައިފައި ވާހެނެވެ.

އަރުފީނު އޭނާގެ ފޮތަށް ގެއްލިފައި އިންގޮތަށް އިނީއެވެ. އޭނާއަށް މީހަކު ވާހަކަދައްކާ އަޑު ނީވޭ ކަހަލައެވެ. އަރުފީނު އިސްއުފުލާ ބަލާލަން ބޭނުންނުވީ ގާތުގައި ހުރި މީހަކީ ރުހައިލުކަމަށް ވީމައެވެ. އަރުފީނުގެ ފަރާތުން ޖަވާބެއް ނުލިބުނު ކަމުގައި ވިޔަސް ރުހައިލު، އަރުފީނާ ކުރިމަތިވާގޮތަށް ބެންޗުގައި އިށީނެވެ. އަދި ފަރުވާތެރިކަމައެކު ފޮތަށް ގެއްލިފައި އިން އަރުފީނަށް ބަލަންފެށިއެވެ.

“ސޮރީ….” އިރުކޮޅަކު އެއްޗެއް ނުބުނެ އިނުމަށްފަހު ރުހައިލު ބުނެލިއެވެ. ދެން ވެސް އަރުފީނު އިސްއުފުލާ ބަލައެއްނުލިއެވެ. އެގޮތް ރުހައިލަކަށް ކަމަކު ނުދިޔައެވެ. އަރުފީނުގެ މޫނުގައި ދެ އަތުން ހިފާ އޭނާއާ ދިމާލަށް ބަލަން މަޖުބޫރުކުރުމަށް ރުހައިލުގެ ހިތަށް އެރިއެވެ. ނަމަވެސް އަރުފީނުގެ ގައިގާ އިނގިލިކުރި ޖައްސާލަން ވެސް މިހާރު ރުހައިލުވަނީ ޖެހިލުންވެފައެވެ.

“އަރުފީނު އަހަންނަށް މާފުކުރަންދެން އަހަރެން މާފަށް އެދޭނަން، އެނގޭ އަހަރެންދެކެ ރުޅިއައުން ހައްގުކަން، އެކަމަކު ޤަބޫލުކުރޭ، ދުވަހަކު ވެސް ދެން އަރުފީނަށް އުނދަގުލެއްނުކުރާނަން…. ޕްލީޒް… ޤަބޫލުކުރޭ… އަހަރެން….” ރުހައިލަށް ފުރަތަމަ ފަހަރަށް ހިތަށް އެރި ހުރިހާ ވާހަކައެއް ދުލުން ބޭރުކުރަން އުނދަގޫވެގެން ދިޔައެވެ. އަރުފީނު އަނގައިން ނުބުނި ތަނުގައި ބަލާ ވެސް ނުލީތީ ރުހައިލަށް އެކަމުން އުނދަގޫވިއެވެ. އެހެންވިޔަސް އިތުރަށް ބުނާނެ އެއްޗެއް އޭނާއަކަށް ނޭނގުނެވެ. އެތަނުން ތެދުވެގެން ދާކަށް ވެސް ހިތެއް އެއްބަހެއްނުވިއެވެ. އަރުފީނުގެ ހަރަކާތްތަކަށް ބަލަން ރުހައިލު މަޑުކޮށްލައިގެން އިނެވެ.

ރުހައިލު ލަސްވެގެން ފަޒަލް އޭނާގެ ފޯނަށް ގުޅިއެވެ. ގުޅާ ކޮންމެ ފަހަރަކު ރުހައިލު ކޯލު ކަނޑާލައެވެ. އެންމެފަހުން ފަޒަލްގެ މެސެޖެ ވެސް އައެވެ. އެއަށް ވެސް ރުހައިލު ޖަވާބެއް ނުދިނެވެ. އަރުފީނު އޭނާ ކިޔަން އިން ފޮތާއި ނަޒަރު ވަކިކޮށްލަމުން ކުޑަކުޑަކޮށް ރުހައިލުގެ އަތުގައި އޮތް ފޯނަށް ބަލާލިއެވެ. އަދި އެއްވެސް އެއްޗެއް ނުބުނެ ފޮތް ލައްޕާލަފައި ކައިރީގައި އޮތް ދަބަހަށް ފޮތްލަމުން ބެންޗުން ތެދުވެގެން ރުހައިލާ ދުރަށް ހިނގައިގަތެވެ. ރުހައިލު ވެސް ވަގުތުން ތެދުވިއެއްކަމަކު އަރުފީނުގެ ފަހަތުން ނުދިޔައެވެ. އަނެއްކާ ވެސް ފޯނު ރިންގުވާން ފެށުމުން ތުންފަތަށް ގޮތެއް ހަދާލާފައި ދެ ފަރާތަށް ބޯހޫރާލަމުން ރުހައިލު ފޯނުކޯލަށް ޖަވާބުދެމުން ހިނގައިގަތެވެ.

ދުވަހުގެ ބާކީ އޮތްބައިގައި އަރުފީނުގެ ފޯނަށް އެތައް ވައިބަރ މެސެޖުތަކެއް އަންނަމުންދިޔައެވެ. އެ ހުރިހާ މެސެޖެއް ވެސް ފޮނުވަމުން ދިޔައީ ރުހައިލެވެ. އެކިގޮތްގޮތަށް މާފަށް އެދިފައެވެ. އަރުފީނު އެއިން އެއްވެސް މަސެޖަކަށް ޖަވާބެއްދޭކަށް ބޭނުމެއްނުވިއެވެ. އެހެންނަމަވެސް އޭނާ މިހާރު ހުރީ ރުހައިލު ދެކެ ރުޅި އައިސްފައެއްނޫނެވެ. އެއަށްވުރެ ބޮޑަށް ރުހައިލު އުޅޭ ގޮތުން ޤަބޫލު ނުކުރެވިފައެވެ. އޭނާގެ މާފު ރުހައިލަށް އެހާ މުހިންމު ބާއޭ އަރުފީނުގެ ހިތަށް އަރާފައި އެކަމާ ސުވާލު އުފެދެނީއެވެ.

ޖެހިގެން އައި ދުވަހު ހެނދުނު އަރުފީނު ޔުނިވަރސިޓީއަށް ދިއުމަށް ކޮޓަރިން ނިކުންނަން އުޅެނިކޮށް ދޮރުދަށުން ވަދެފައި އޮތް ކަރުދާހެއް ފެނުނެވެ. ހައިރާންވެފައި އައިސް އެ ގަނޑު ނަގާ ހުޅުވާލިއިރު އިނގިރޭސި ބޮޑުއަކުރުން “ސޮރީ” ޖަހާފައި އޮތެވެ. އަދި ލިޔުންގަނޑުގެ ކައިރީގައި ދެރަވެފައިވާ މޫނެއް ކުރަހާފައި އޮތެވެ. ކީއްވެކަމެއް ނޭނގެއެވެ. އަރުފީނުގެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވެގެންދިޔައެވެ. އޭނާ އެ ކަރުދާސް އަތުގައި އޮތް ފޮތުގެ ތެރެއަށް ލަމުން ކޮޓަރިން ނިކުތެވެ. ބޮޑުކޮޓަރިން ނިކުންނަން ދިޔައިރު ތަނބެއްގައި ލެނގިލައިގެން ރުހައިލު ހުއްޓާފެނުނެވެ. އޭނާ ކުއްލިއަކަށް ސަމާލުވެލިތަން އަރުފީނަށް ފެނުނެވެ. އަރުފީނުގެ އިންތިޒާރުގައި ރުހައިލު ހުރިހެން އޭނާއަށް ހީވިއެވެ. ނަމަވެސް ފެންނަކަމަށް ނުހަދާ އަރުފީނު ބޮޑުކޮޓަރިން ނިކުމެގެން ދިޔައެވެ. އެތަން ފެނި ރުހައިލުގެ ކަރު އެލުވާލިއެވެ.

* * * *

ދެތިން ދުވަސްވަންދެން އަރުފީނު، ރުހައިލްއާ ވާހަކަނުދައްކާ ހޭދަވެގެން ދިޔައެވެ. އެ ދުވަސްތައް ރުހައިލަށް ދިގުވެފައިވާ ކަހަލައެވެ. އޭނާ އަރުފީނުގެ ފަހަތުން ދުރަށް ނުދެއެވެ. އޭނާ ބުނިހެން އަރުފީނުގެ ފަރާތުން ޖަވާބެއް ނުލިބެނީސް މާފަށް އެދުން ހުއްޓައެއް ނުލިއެވެ. އެކިކަހަލަ “ސޮރީ” ޖަހާފައި ހުރި ކާޑުތައް ވެސް އަރުފީނުގެ ކޮޓަރީގެ ދޮރުދަށުން ވަންނަމުންދިޔައެވެ. ފޮނުވަނީ ކާކުކަން ކާޑުގައި ޖަހާފައި ނެތަސް އަރުފީނަށް އެއީ ކާކުކަން އެނގެއެވެ. އެގޮތުން ކުލާސް ނިންމާފައި ބެންޗުގައި ފިލާވަޅު ކިޔަން އިން އަރުފީނުގެ ގާތަށް މިއަދު ވެސް ރުހައިލު އައެވެ.

“އައި އެމް ވެރީ ސޮރީ އަރުފީނު، ދެން ދުވަހަކު ވެސް އަހަންނާ ވާހަކައެއްނުދައްކާނަންތަ” ކަރުއެލުވާލައިގެން އިނދެ ރުހައިލު ބުންޏެވެ. އިރުކޮޅަކު އޭނާ އެހެން އިންފަހުން އަރުފީނު ކިޔަން އިން ފޮތުން ފަތްޖަހާލަފައި އޮތް ގަނޑެއް ދަމާލަމުން ވަރަށް ނޫންގޮތަކަށް ރުހައިލުގެ ކުރިމަތީ ބެންޗުގެ މަތީ ބާއްވާލިއެވެ.

ހައިރާންވެފައި އިނދެ ރުހައިލު އޭނާގެ ކުރިމަތީ އޮތް ކަރުދާސް ނަގާ ހުޅުވާލިއެވެ. އެއާއެކު ތުންފަތުގައި ލުއި ހިނިތުންވުމެއް ދުވެލިއެވެ. ދުވަހަކު ވެސް ނުލިބޭފަދަ ހިތްހަމަޖެހުމެއް އޭނާއަށް ލިބިގެން ދިޔަކަމުގެ އިހުސާސް ކުރެވިގެން ދިޔައެވެ. އަތުގައި އޮތް ކަރުދާހަށް ނަޒަރު ހުއްޓާލައިގެން އިންއިރު އެ ކަރުދާހަކީ އޭނާ މާފަށް އެދި އަރުފީނުގެ ކޮޓަރީގެ ދޮރުދަށުން ފޮނުވާލި ކަރުދާހެވެ. ކުރިން ކުރަހާފައި އޮތް ދެރަވެފައިވާ މޫނުގައި ރަސްގެލާފައި އޭގެ ކައިރީ ހިނިތުންވެލާފައިވާ މޫނަށް އަރުފީނު ކުރަހާފައި އޮތެވެ. އަދި އިނގިރޭސި ބަހުން “މާފަށް އެދެންވާނީ ކުރެވުނު ކަންތައް ތަކުރާރު ކުރަން ބޭނުންވާނުވާނަމަ” މިހެން ލިޔެފައި އޮތެވެ.

“ބިލީވް މީ، ދެން ދުވަހަކު ވެސް އެކަހަލަ ކަމެއް ނުކުރާނަން، ތޭންކިޔު އަރުފީން” އަތުގައި އޮތް ކަރުދާސް ލައްޕާލާފައި ރުހައިލު އޭނާގެ ދަބަހަށް ލިއެވެ.

“މާފު ވެސް ކޮށްފިން، ދެން އަހަރެން އެކަނި އިނަ ދޭންވީނު” އަރުފީނު ބުނެލިއެވެ.

“ތީގެ މާނައަކީ އަހަންނަށް އަރުފީނުގެ ރަޙުމަތްތެރިއަކަށް ނުވެވޭނެއޭތަ؟” އެއްބުމަ އަރުވާލަމުން ރުހައިލު ކުރިއަށްވުރެ ބޮޑަށް އަރުފީނާ ވާހަކަދެއްކުމަށް ޝާއުގުވެރިކަން ފާޅުކުރިއެވެ.

“ރަޙުމަތްތެރިކަމަކީ ކޮބައިކަން ރުހައިލަށް އެނގޭތަ؟” އަރުފީނުގެ ޢަމަލުތައް ހުރިގޮތުން ހީވަނީ އަދިވެސް ރުހައިލަށް އިތުބާރު ނުކުރެވެނީ ހެންނެވެ.

“އާން! އަރުފީނުގެ ރަޙުމަތްތެރިއަކަށް އަހަންނަށް ވެވިދާނެތަ؟” ރުހައިލު އެހިއެވެ. އެއާއެކު އަރުފީނު “ހޫން” ލައްވާލަމުން މަޑުމަޑުން ބޯޖަހާލިއެވެ. ނަމަވެސް އޭނާ ރުހައިލާ ހަތަރުކަޅި ހަމަކުރަން ޖެހިލުންވެފައި އިން ކަހަލައެވެ. ގިނަ ވާހަކަތަކެއް ދައްކަން ބޭނުންނުވެފައި އިންހެން އިނެއްކަމަކު ރުހައިލުގެ ވާހަކަތަކުން އޭނާ އަރުފީންގެ ގާތުން ދުރަށް ދާން ބޭނުންނުވާކަން އެނގެއެވެ.

ދުރުގައި ހުރި ބެންޗުގައި ތިބި ދެ ޒުވާނުން ފެނި ފަޒަލް ހައިރާންވިއެވެ. އަރުފީނުގެ ފަހަތުން ރުހައިލު އުޅޭތަން ފެނުނު މީ ފުރަތަމަ ފަހަރެއް ނޫނެވެ. އެހެންނަމަވެސް ރުހައިލުގެ ޠަބީޢަތަށް ބަދަލުތަކެއް އަތުވެއްޖެކަން ފަޒަލްއަށް ވެސް އެނގޭތީއެވެ. އެ ބަދަލު ގުޅިފައިވަނީ އަރުފީނާ ކަންވެސް ފަޒަލްއަށް އެނގެއެވެ. އޭނާ ކަންބޮޑުވަނީ ރުހައިލު އަރުފީނާއެކު މާގާތްކޮށް އުޅޭތަން މީހުންނަށް ފެނުމުން، އެ މީހުން ބުނާނެ އެއްޗަކާމެދުގައެވެ. ޢާއިލާއާ ހަމައަށް އެ ފަދަ ވާހަކައެއްގެ އަޑު ހިނގައްޖެނަމަ ކަންތައްވާނޭގޮތް އޭނާއަށް އެނގޭ ކަހަލައެވެ. ކަންބޮޑުވަނީ އެހެންވެކަމަށް ވެދާނެއެވެ.

“ހިނގާ ދަމާ” ފަޒަލް އައިސް ރުހައިލުގެ ގާތުގައި މަޑުކޮށްލަމުން ބުންޏެވެ. އަދި އަރުފީނަށް ހިނިތުންވެލިއެވެ.

“ކާރު އައީތަ” ހަމަޖެހިލާފައި އިން ރުހައިލު އަހާލިއެވެ.

“އާން” އަވަސްއަވަހަށް ފަޒަލް ބުނެލިއެވެ.

“ލެޓްސް ގޯ” ރުހައިލު ތެދުވަމުން އަރުފީނަށް ބުނެލިއެވެ.

“އަރުފީން ބަލާ އަންނާނެ އަހަރުމެން ގެއަށް ލާފައި” ފަޒަލް މިހެން ބުނުމުން އަރުފީނުގެ މޫނުމަތިން ކޮންމެވެސް ވަރެއްގެ ހައިރާންކަން ފާޅުވެގެންދިޔައެވެ.

“އެއްގެއަކަށް އަހަރުމެން ތިންމީހުން މިދަނީ، އެހެންވީމަ އެއްކޮށް ކާރުގައި ދިއުމުން ކޮބާ މައްސަލައަކީ، ފާރޫޤަށް ވެސް ފަސޭހަވާނެއެއްނު” ރުހައިލުގެ ވާހަކައިން އޭނާ ބޭނުންވަނީ އަރުފީނު ގޮވައިގެން ދާންކަން ފަޒަލްއަށް ވެސް ދޭހަވިއެވެ.

“މަލީކް އަންކަލް އެގޮތަށް ހަމަޖެއްސެވީ” ފަޒަލް މަޑުމަޑުން ބުނެލިއެވެ. އެއީ އަރުފީނަށް އެނގިފައި އޮތް ކަމަކަށް ނުވާތީއެވެ.

“ބައްޕަވެސް… ދެން ހިނގާ…” ރުހައިލު ބުނަން އުޅުނު އެތި ދުލުން ބޭރުނުކޮށް ފަޒަލްއާއެކު ދިއުމަށް ހިނގައިގަތެވެ. އަދި ބެންޗާ ދުރަށް ދިއުމުގެ ކުރިން އަރުފީނާ ދިމާއަށް އެނބުރި ހިނިތުންވެލިއެވެ.

* * * *

ޝާރުދާ އާއި މަލީކު ބޮޑުކޮޓަރީގައި ތިބީ މަޝްވަރާއެއްގައެވެ. އަތުގައި އޮތް ފޮތުގައި ޝާރުދާ އެއްޗެހި ތަކެއް ނޯޓު ކުރަމުން ދިޔައިރު މަލީކު ފޯނުން ކަންތައްތަކެއް ހަމަޖައްސަމުން ދިޔައެވެ. އެތަނަށް ޝުޢައިބު ވަދެގެން އައިސް މަލީކުގެ އެއްފަރާތަށް ވާގޮތަށް ހުރި ސޯފާގައި އިށީނދެ ވާހަކަދައްކަން ފެށިއެވެ.

“ދައްތާ، ރުހައިލަށް ނޭނގި ހުރިހާ ކަމެއް ރޭވިދާނެބާއޭ މިހިތަށް އަރަނީ، އަޅުގަނޑަށް ހީވަނީ ފަޒަލް މިކަމުގެ ތެރެއަށް ވެއްދުން މީ ކުރެވުނު މޮޔަ ޚިޔާލެއްހެން، އެ ކުއްޖާއަށް ވާހަކައިގެ ތެރޭގައި ރުހައިލުގެ ގާތުގައި ހުރިހާ ވާހަކައެއް ބުނެވިއްޖެއްޔާ މި ކުރަން އުޅޭ ހުރިހާކަމެއް ވާނީ ބޭކާރު” ޝުއައިބު ބުންޏެވެ.

“ނޫނޭ ޝުއައިބު، ފަޒަލްގެ އެންމެ ގާތް އެކުވެރިއަކީ އެއީ، އެހެންވީމަ އެކުވެރިޔާގެ އުފަންދުވަހަށް ޚާއްޞަކަންކަން ރޭވެމުންދާކަން ސިއްރުކުރަން ފަޒަލްއަށްވުރެ ރަނގަޅު ކުއްޖަކު ނެތް، އޭނާއަށް އެކަނި މިކަމުގެ ތެރެއަށް ރުހައިލު ވަނަ ނުދީ ހިފެހެއްޓޭނީ” ހީނލާފައި ޝަރުދާ ބުންޏެވެ.

“ޒާހިރުމެން މިކޮޅަށް އަންނަގޮތަށް ތިއްބެވީ، އެކަމަކު ބުނުއްވި ނައިރާ އެނބުރި ގްރެޖުއޭޝަންއަށް އެކޮޅަށް ދާންޖެހޭނަކަމަށް” މަލީކު ފޯނުކޯލު ނިންމާލާފައި ވާހަކަދެއްކިއެވެ.

“އެހެންވީމަ އެ ދުވަހަށް އެކަނިތަ މަރިޔަމްމެން އަންނާނީ” ޝާރުދާ ސުވާލުއުފެދުނެވެ.

“ޒާހިރު ބުނުއްވީ އެއްކޮށް މާލެއަށް ދިރިއުޅުން ބަދަލުކުރައްވަނީކަމުގައި، އޭގެ މާނައަކީ ނައިރާގެ ގްރެޖުއޭޝަންއަށް އެކަންޏޭ ދެން އެކޮޅަށް ދާނީ، ކޮބާ ޝުއައިބު، ދިޔަ ކަންތައް ހަމަޖެހިއްޖެތަ؟” ޝާރުދާއާ ވާހަކަދައްކަމުން މަލީކު ޝުއައިބުގެ ގާތުގައި އެހިއެވެ.

“ލައްބަ، އަޅުގަނޑު މިއައީ ހައިކަލްއާ ވާހަކަދައްކާފައި، އެތަނުން އަޅުގަނޑުމެން ބޭނުންވާ ތާރީޚަށް ކާރުގެ ހުރިހާ ބައެއް ގެނެސް ހަމަވާނެކަމުގައި ބުނުއްވި، ކަމެއް ބޭނުންވެގެން ހައިކަލްއަށް ނުގުޅިއްޖެނަމަ ލީވާންއާ ގުޅުމަށް ވެސް ބުނުއްވި، އަޅުގަނޑު މިއައީ ބިޒްނަސް ކާޑު ހިފައިގެން، މާދަމާގެ ވަގުތަކު އެޑްވާންސް ޕޭމެންޓު ހަދަންޖެހޭ” ޝުއައިބު ކިޔައިދިނެވެ.

“އެއީ ތަރަފްގެ ދަނބިދަރިފުޅުތަ، އެހެންވެއްޖެނަމަ އަހަރުމެންނާ ގާތް ކުއްޖެއްނު އެއީ” ހަނދާންކޮށްލާ ފަދަ ގޮތަކަށް މަލީކު އަހާލިއެވެ.

“އެއީ ތަރަފްގެ ދަނބިދަރިފުޅު” ޝުއައިބު ޔަޤީންކޮށްދިނެވެ.

“ޝާރުދާ، ކުރީބައިގަ ދަޢުވަތު ލިސްޓު ތައްޔާރުކޮށް ނިންމަންވާނެ، އެންމެފަހު ވަގުތު އެއަށް ބަދަލުގެންނަން އުނދަގޫވާނެ، އެންމެންނަށް ހަމަޖެހިލައިގެން ތިބެވޭނޭ ކަހަލަ ތަނެއް ހަމަޖައްސަން ވެސް ވާނީ، މިތަނުގައި ބާއްވާފައިނަމަ ހާސްކަން ބޮޑުވާނެ، ތަނެއް ހަމަޖެއްސުން ވެސް މި ދޫކޮށްލީ ޝުއައިބަށް، ކުރިއަށް އޮތް ދެމަސް ތެރޭ ހުރިހާ ކަމެއް ނިމެންވާނެ، ފާހަގަކޮށްލެވޭ ރެޔަކަށް އެރޭ ވާން އަހަރެން ބޭނުން” އުންމީދުން ފުރިގެންވި ގޮތަކަށް މަލީކު ބުނެލިއެވެ.

* * * *

ސޮފޫރާގެ ފަރާތުން ޝާން އުންމީދު ކުރި ފަދަ ބަދަލުތަކެއް ފެންނާތީ އޭނާ އިނީ ހިތްހަމަޖެހިފައެވެ. އެކަމަކު އަދިވެސް ސޮފޫރާއަށް މާޒީގެ ވާހަކަދެއްކުން ފަސޭހަކަމަކަށްނުވެއެވެ. އެ ވާހަކަތަކުން އޭނާގެ ދެ ލޯ ފެންކަޅިވެދެއެވެ. އެ ހިތް އަދިވެސް އަދީބު ކަންތައްކުރިގޮތާއިމެދު ޝަކުވާކުރެއެވެ. ބަދަލު ހިފުމުގެ ޚިޔާލު ސޮފޫރާގެ ސިކުނޑިން މުޅިން ފިލައިގެނެއް ނުދެއެވެ. ޑޮކްޓަރ ޝާން ހަމަޖައްސާފައި އޮތީ ހަމަސްދުވަހުގެ ތެރަޕީ ސެޝަންއެއް ސޮފޫރާއަށް ނެގުމަށެވެ. އެއަށްފަހު މުއްދަތު އިތުރުކުރަން އޭނާ ބޭނުންވަނީ ސޮފޫރާގެ ޠަބީޢަތަށް އަންނަ ބަދަލުތައް ދުށުމަށްފަހުއެވެ.

“ކޮއްކޮގެ މަތިން ހަނދާންވާއިރު ކީއްވެތަ ކޮއްކޮ ގާތަށް ނުދަނީ؟ ކާކު މަނާ ކުރަނީ” ޝާންގެ ގާތުގައި ސޮފޫރާ ދައްކަމުން ދިޔަ އެކި ވާހަކަތަކުން ކަމެއް ފާހަގަކޮށް އެކަމާ ގުޅިގެން ސުވާލުކުރިއެވެ.

“އަރުފީން ހުންނަނީ މާލޭގައި، ވަރަށް މޮޅުވާނެ، މަންމަ އާއި ބައްޕަގެ ފޭވަރިޓް އެއީ، އަހަރެންގެ ވެސް ފޭވެރިޓް އެއީ، އެކަމަކު އޭނާއަށް އަހަރެންގެ އެއްވެސް ވާހަކައެއް އެނގޭކަށް ބޭނުމެއްނޫން، އަހަރެންގެ ސަބަބުން އަރުފީނަށް ދެރަގޮތެއްވެދާނެއޭ ހިތަށް އަރަނީ، މަންމަ އަރުފީނު މަތިން ހަނދާންކުރާކަން އަހަންނަށް އެނގޭ، އެކަމަކު މަންމަ ވެސް އަރުފީނު ކޮއްކޮއަކަށް ނާންގާ މާލޭގައި އުޅޭކަމެއް، އަހަންނަށް އެނގޭ އެއީ އަހަރެންގެ ސަބަބުންކަން، ބައްޕަ ވެސް އެހާ ވޮރީކުރަނީ އެހެންވެ، އެކަމަކު ރޭގައި ބައްޕައަށް ގުޅުމުން ބުނީ އަންނަ ހަފްތާގައި މާލެ އަންނަ ވާހަކަ، އަދި އަރުފީނު ކޮއްކޮއާ އަހަރުމެންނާ ބައްދަލުވާނެކަމަށް، މިހާރުއްސުރެން އެ ދުވަހަށް އިންތިޒާރު މިކުރަނީ، އަރުފީނު ކިޔަވަން މާލެ އައިފަހުން އަދި އެންމެ ފަހަރަކު ވެސް ނުދެކެން، ހިތަށް އަރާ ކިހިނެއްބާއޭ ހުންނާނީ… އަހަރުމެންނާ ބައްދަލުވީމަ އުފާވާނެބާއޭ” ދިގުކޮނޑީގައި ބުރަކަށި ޖައްސާލައިގެން ދެކަކުލުގައި ހިފަހައްޓާލައިގެން އިނދެ ސޮފޫރާ ވާހަކަދައްކަމުން ދިޔައީ ޚިޔާލަކަށް ގެއްލިފައި އިން މީހަކު ހެންނެވެ.

“އެންމެންނަށް ވެސް ހަޔާތުގެ ކޮންމެވެސް ހިސާބަކުން ގޯހެއް ހެދޭނެ، ބައެއްފަހަރު އެއީ ބޮޑެތި ގޯސްތައް، އަނެއްބައި ހުރި ކުދިކުދި ކަންކަން، އެ ހުރިހާ ވަގުތަކު ވެސް އެންމެ ގާތްކޮށް އެހީވެދޭން ތިބޭނެ ބަޔަކީ ޢާއިލާ މީހުން، ޝާންއަށް ޔަޤީން ސޮފޫރާގެ ކޮއްކޮއަށް ސޮފޫރާ ފެނުމުން ވަރަށް އުފާވާނެކަން، ހިނިތުންވެލާ މީހާ ހިނިތުންވެލަނީ ހުރިހާ ފަހަރަކު އޭނާ އުފަލުގައި ހުރެގެންނެއްނޫންކަން ސޮފޫރާއަށް ވިސްނެއެއްނު، އެކަމަކު އޭރުން އެމީހަކީ ހިތްވަރާއެކު ކުރިއަށްދާން މަސައްކަތްކުރާ މީހަކަށް ވެދޭ” ޑޮކްޓަރ ޝާން އޭނާގެ ގޮނޑިން ތެދުވެގެން އައިސް ލިޔާމޭޒުމަތީ އަތުގައި އޮތް ފޮތް ބާއްވާލިއެވެ. އަދި އެއްފަރާތުގައި ހުރި ކޫލަރުން ތައްޓަކަށް ފެންފޮދެއް އަޅައިގެން އައިސް ސޮފޫރާއަށް ދިއްކޮށްލަމުން ހިނިތުންވެލިއެވެ. އޭސީ ކުރެވިފައި ހުރި އެ ކޮޓަރީގައި ގަޑިއެއްގެ އިރު ހޭދަކުރިއިރު ސޮފޫރާގެ ތުންފަތް ހިކިފައިވާކަން ޝާންއަށް ފާހަގަކުރެވިގެން އޭނާ ފެންތަށި ގެނެސްދިނީއެވެ.

ޝާންގެ ކްލިނިކުން ބޭރަށް ސޮފޫރާ ނިކުތްއިރު މަގުގެ އަނެއްފަރާތުގައި އޮތް ޕާކިން ޒޯންގައި ކަޅުކުލައިގެ ކާރެއް ކައިރީ އުނައިސް މަޑުކޮށްލައިގެން ހުއްޓެވެ. އޭނާއަށް ސޮފޫރާ ފެނުމާއެކު އެއްއަތް ހިއްލާލާ ދެ ފަރާތަށް ހޫރާލީ ސޮފޫރާގެ ސަމާލުކަން ހޯދުމަށެވެ.

“ބައްޕަ ފޮނުވައިގެން މިއައީ، އާތިޤާ ދައްތަ ދިޔައީ އުޒޭގެ ސްކޫލުކަމަކު” އުނައިސް އޮޅުންފިލުވައިދިނީ ސޮފޫރާ އޭނާއާއެކު ދާން އުޒުރުވެރި ވެދާނޭތީއެވެ. ނަމަވެސް ސޮފޫރާ އެއްވެސް އެއްޗެއް ނުބުނެ އުނައިސްއާއެކު އައިސް ކާރުގެ ދޮރުފަތް އޭނާ ހުޅުވާލުމުން ކާރަށް އަރާ އިށީނެވެ.

* * * *

ޔުނިވަރސިޓީ ނިންމާފައި ގެއަށް އައިސް އަރުފީނު ކާން އަރަނީ ކޮންއިރަކުކަން ރުހައިލަށް އެނގޭތީވެ އޭނާ ބަދިގެއަށް ވަނީ ހަމަ އެވަގުތުއެވެ. ނަމަވެސް އަރުފީނުގެ ސަމާލުކަމެއް މާބޮޑަކަށް ނުލިބުނެވެ. އޭނާ ވަދެ ކާއެއްޗެހި އަޅައިގެން ކާންއިށީނުމުން ރުހައިލު އިނީ ވަރުޝާ އަންނަންދެނެވެ.

“އަހަރެން ވެސް މިތަނުގައި މިއިނީ ބަނޑުހައިވެގެންނޭ، ކާއެއްޗެއް ބޭނުންތޯ ވެސް އަހާނުލާ ތި ކާންފެށީ” ރުހައިލު ގަސްދުގައި ބޭނުންވީ އަރުފީނާ ސަމާސާކޮށްލާށެވެ. ދެ ރަޙުމަތްތެރިން ފަދައިން އުޅޭށެވެ.

“ރުހައިލު ވެސް ކާންވީނު، އަހަރެން ވެސް މިއައީ ކާއެއްޗެހި އަމިއްލައަށް އަޅައިގެން” އަރުފީނު ބުނެލިއެވެ.

“އަހަރެން އަމިއްލައަށް ކާއެއްޗެހި އަޅައިގެން އަދި ދުވަހަކު ވެސް ނުކަން، ރަޙުމަތްތެރިން އެކަކު އަނެކަކު ގާތު އަހާނެ ކާނަންތޯ، އަރުފީނު ކާންއެޅިއިރު އަހަންނަށް ވެސް ތައްޔާރުކޮށްދިންނަމަ” ރުހައިލު މިހެން ބުނި އަޑުއިވިފައި އަރުފީނުގެ ހަރަކާތްހުއްޓިގެން ދިޔައެވެ. އަދި ރުހައިލަށް ބަލާލީ މާނަފުން ގޮތަކަށެވެ.

“ސީރިއަސްލީ….” ޤަބޫލުކުނުކުރެވިގެން އަރުފީނަށް ބުނެވުނެވެ.

“ޔެސް، ސީރިއަސްލީ… އަރުފީނުގެ ތަށީގައި ތިހުރި ކޮންމެވައްތަރަކުން އެތިކޮޅެއް ލައިގެން ގެނެސްދިން ނަމަ” ދެރަވާގޮތް ދައްކާލަމުން ރުހައިލު ބުނެލިއެވެ. ކުޑަކޮށް ހިނލާފައި އަރުފީނު ތެދުވެގެން ގޮސް ތައްޓަކަށް ކާއެއްޗެހި އަޅައިގެން ގެނެސް ރުހައިލުގެ ކުރިމަތީ ބެހެއްޓިއެވެ. ވަރަށް ހިނިއައިސްފައި ރުހައިލު ޝުކުރު އަދާކުރުމާއެކު އަރުފީނާ ވާހަކަދައްކަން ފެށިއެވެ.

ބަދިގެ ފަރާތަށް ވަރުޝާއަށް އާދެވުނު އިރު ރުހައިލު އިނީ ކާށެވެ. ވަރުޝާ ފެނުމާއެކު ރުހައިލު އޭނާ ފޮނުވާލީ އިތުރުކަމެއް ބޭނުން ނޫންކަމުގައި ބުނެއެވެ. ދެން އެތަނަށް އައީ ޝާރުދާއެވެ. އޭނާއަށް ރުހައިލު އާއި އަރުފީނު ވާދަކިޔުމުގެ ބަދަލުގައި ވަރަށް ހަމަޖެހިލާފައި ތިބެ ވާހަކަދައްކާތީ އެކަމާ ހައިރާންވިއެވެ. އެހެންވިޔަސް އެކަން ފާހަގަކުރެވުނު ކަމަށް ނުހަދާ އޭނާ އެތަނުގައި ތިބި ދެ ޒުވާނުންނަށް ގޮވާލީ އާދައިގެ ގޮތަކަށެވެ.

“ކޮބާ ކިޔެވުން ކިހިނެއްވަނީ، ޓެސްޓު ނިމިގެން ބަންދުވީމަ އަރުފީނު ރަށަށްތަ ދަނީ؟” ޝާރުދާ ބިއްލޫރުތަށްޓަކަށް ފެންފޮދެއް އަޅާލުމާއެކު ރުހައިލުމެންނާ ދިމާއަށް އެނބުރިލަމުން އަހާލިއެވެ.

“މި ހަފްތާގައި އަޅުގަނޑަށް ނިމޭނެ، އެކަމަކު އަރުފީނު މެންނަށް ނިމޭނީ ލަހުން ދޯ” ރުހައިލު ބުންޏެވެ.

“ބައްޕައަށް އެނގޭނީ، އެކަމަކު އަޅުގަނޑު ބޭނުން ރަށަށްދާން” އަރުފީނު ބުންޏެވެ.

ޝާރުދާ އައިސް އަރުފީނާއި ރުހައިލުމެންގެ ގާތުގައި މަޑުކޮށްލުމުން ރުހައިލު އަވަސްކޮށްލާފައި އެތަނުން ތެދުވެގެން ހިނގައްޖެއެވެ. ރުހައިލުގެ ހަރަކާތްތަކަށް ޝާރުދާ ބަލަމުން ދިޔަ ކަމެއް ރުހައިލަކަށް ފާހަގަވީ ކަމަށް ވެސް ވެދާނެއެވެ. މަލީކު ވަނީ އަރުފީނާ، ރުހައިލު ވާހަކަދެއްކުން މަނާކޮށްފައެވެ. ޝަރުދާ އައިސް ރުހައިލު އިނދެފައި ދިޔަ ގޮނޑީގައި އިށީނެވެ.

“ކޮޓަރިން ނިކުމެ އުޅޭތަނެއް  މިހާރު އެއްގޮތަކަށް ވެސް ނުފެނޭ، އަނެއްކާ ރަށަށްދާން ނިންމީ އަރުފީނު މިގޭގައި ހުންނަން ހިތްހަމަޖެހޭތީތަ؟” ޝާރުދާ ކަމެއް އޮޅުންފިލުވަން އުޅޭ މީހަކު ފަދައިން އަހާލިއެވެ.

“ނޫން” ކާން އިން ތަށްޓަށް ނަޒަރު ހުއްޓާލައިގެން އިނދެ ބުނެލިއެވެ.

“ދައްތައަށް ވަރަށް ރަނގަޅު ރުހައިލުގެ ފަރާތުން ހިނގައިދިޔަ ކަންތައް އިތުރު މީހަކު ގާތު ނުދެއްކިއްޔާ، އެއީ އޭނާ ގަސްދުގައި ކުރިކަމެއް ނޫން، ހީވަނީ މިހާރު އަރުފީނަށް ވެސް އެކަން އެނގޭހަން…. އެވީ ކަންތަކާ ހެދި އަރުފީނު މިގެއިން ދާކަށް ދައްތަ ބޭނުމެއްނޫން، އަރުފީނު ކިޔަވާ ނިމެންދެން މިގޭގައި ހުރެވޭނެ، ދައްތައަށް ރަނގަޅީ ވެސް ކޯސް ނިމެންދެން މިގޭގައި މަޑުކޮށްދިނިއްޔާ، އާސިޔާ ވަރަށް އުންމީދާއެކީ މިގޭގައި ބަހައްޓައިދޭން އެދުނީ، އަނެއްކާ އަހަރެން ވެސް އަރުފީނުގެ ބައްޕައަށް އެ ޔަގީންކަން ދިނިން” ޝަރުދާ ބުނެލިއެވެ.

“އަޅުގަނޑު އެއްވެސް ވަރަކަށް އެހެންވިސްނާފައެއްނޫން ރަށަށްދާން ބޭނުންވަނީ، ޢާއިލާ މީހުން މަތިން ހަނދާންވާތީ، އާސިޔާ ދައްތަ ކީއްވެ މިގެއަށް ނާންނަނީ؟ ދައްތަގެ ހާލު ބަލާލަން އެގެއަށް ދާން ވެސް ހިތަށް އަރާ، އެކަމަކު އެގެއަށް ދާކަށް ނޭނގޭ” އަރުފީނު ކުއްލިއަކަށް އާސިޔާގެ މަތިން ހަނދާންވީ ޝާރުދާ އޭނާގެ ނަން ބުނުމުންނެވެ.

“އާސިޔާ މިހާރުވީ އިންޑިއާގައި، ދުވަސްތަކެއްވެއްޖެ ދިޔަފަހުން، ފުރަންވެގެން މިގެއަށް އައި، އެކަމަކު ހެނދުނު އައީ… ދައްތަ ބުނިން ހެނދުނު އަރުފީނަކާ ދިމައެއްނުވާނެއޭ، ކުއްލިއަކަށް ފުރަންޖެހުނީމަ ވަގުތު ނުތިގެން އެ ދިޔައީ، ކުރިން ވެސް އާސިޔާ މިގެއަށް އައިސް ވާހަކަދައްކަން ވަރަށް ނީންނާނެ، އެހެންއުޅެފައި ގުޅާލާނެ” ޝާރުދާ ކިޔައިދިނެވެ.

އަރުފީނު ކައިނިމިގެން ތަށިތައް ނެގުމުން ޝާރުދާ ވެސް ތެދުވެގެން ހިނގައިގަތީ ބަދިގެ ފަރާތުން ނިކުންނާށެވެ. އަރުފީނު އެނާގެ ފާހަތުން ނިކުތެވެ. އެހެންނަމަވެސް އޭނާ އައީ ކޮޓަރިއަށެވެ. ޝާރުދާ ހިނގައިގަތީ ބޮޑުކޮޓަރިން ބޭރަށް ނިކުންނާށެވެ.

އެނދުމައްޗަށް ވެއްޓިގަނެގެން އޮތް ރުހައިލު އޮތީ ކޮންމެވެސް ފިކުރަކަށް ގެއްލިފައެވެ. އެހެން އޮވެފައި ފޯނު ނަގާ އެއިން މެސެޖެއް ކުރަން އުޅެފައި ވެސް އަލުން ފޯނު ބާއްވައިފިއެވެ. ޚިޔާލު ބަދަލުވީ ކަންނޭނގެއެވެ. އޭނާ އެނދުން ތެދުވެ ކޮޓަރިން ނިކުމެ އަރުފީނުގެ ކޮޓަރި ހުރި ދިމާއަށް ބަލާލިއެވެ. މިފަހަރު ވެސް ދެ ޚިޔާލެއްގައި ހުރި މީހަކު ފަދައިން ކުރިއަށް ދާން އުޅެފައި ވެސް އެނބުރި ކޮޓަރިއަށް ވަދެ ދޮރުލެއްޕިއެވެ.

* * * *

“ސޮފޫ…” ދޮރުހުޅުވާލަމުން އުނައިސް ގޮވާލިއެވެ. އޭރު އެނދުގައި އޮށޯވެލައިގެން ފޮތެއް ކިޔަން ސޮފޫރާއަށް ހިލަމެއްވީ އުނައިސްގެ އަޑުއިވުމުންނެވެ.

“ކަމަކުތަ؟” ސޮފޫރާ ތެދުވެ ދެފައިވަށްކޮށްލައިގެން އެނދުގައި އިށީންނަމުން އަހާލިއެވެ.

“ވަރަށް ވަރުބަލިވެފައިތަ ތިއިނީ” ދޮރުފަތުގައި އެއްއަތުން ހިފަހައްޓާލައިގެން ކުޑަކޮށް ކޮޓަރިތެރެއަށް ވަދެ ހުރެ އުނައިސް އަހާލިއެވެ.

“ނޫން، ކިހިނެއްވީ” ސޮފޫރާ ބުނެލިއެވެ.

“ވަރަށް ފޫހިވެގެން މިއުޅެނީ، ވާހަކަދައްކާލަން ނިކުންނަންވީނު” އުނައިސް ބުންޏެވެ. ސޮފޫރާ އެނދުމަތިން ތެދުވެ އެނދާ ޖެހިގެން ހުރި ކުޑަކަބަޑުމަތީ ފޮތްބާއްވާލާފައި ދޮރާ ދިމާއަށް ހިނގައިގަތެވެ.

އުނައިސް ނިކުމެ ބޮޑުކޮޓަރީގެ ސޯފާ އިށީނދެ ޓީވީ ހުޅުވާލިއެވެ. އެ ތަނުގައި ވަކިން ހުރި ސޯފާ ގޮނޑީގައި ސޮފޫރާ އައިސް އިށީނެވެ.

“އަހަރެން ހީކުރީ އުނައިސް އޮފީހުގައި އުޅެފައި ކަމަށް އަހަރެން ބަލާ ކުލިނިކަށް އައީ، އަދި އޮފީސްތައް ނިމޭގަޑިއެއް ނުޖެހެއެއްނު” ސޮފޫރާ އަހާލިއެވެ.

“ބައްޕަ ބުނުއްވީ ސޮފޫ ގެންގޮސް ގެއަށް ލާފައި ގޭގައި މަޑުކޮށްލަން”

“ސޮފޫ… އަހަރެން އެ ނަމުން ކިޔަސް އެންމެ ރަނގަޅުތަ؟” އުނައިސް ކުޑަކޮށް ސޮފޫރާއާ ދިމާއަށް އެނބުރިލަމުން އަހާލިއެވެ.

“އެންމެރަނގަޅު” ސޮފޫ ކުޑަކުޑަކޮށް ހިނިތުންވެލަމުން ބުނެލިއެވެ.

“ސޮފޫ މިގެއަށް އައީއްސުރެން އަހަރެން އަހަން ބޭނުންވެފައި ހުރި ވާހަކަތަކެއް އެބަހުރި، ރަނގަޅު ވަގުތަކަށް ވިސްނާވިސްނާ ވެސް އެ ވަގުތެއް ނައި، އެނގޭ އެ ވަގުތެއް ދުވަހަކު ވެސް ނާންނާނެކަން، ހަޤީޤަތުގައި ސޮފޫ ހިތްހަމަނުޖެހިދާނޭތީ އަހަން ފަސްޖެހެވެނީ، އެކަކު ވެސް އަހަރެން ކައިރީ އެއްވެސް ވާހަކައެއް ނުބުނޭ، ބައްޕަ ކުއްލިއަކަށް ގުޅާފައި ބުނީ ސޮފޫމެން ގޮވައިގެން ގެއަށް އަންނަ ވާހަކަ…. ސޮފޫ… އަހަންނަށް އެނގޭ ޑރ.ޝާންއަކީ ކޮން ދާއިރާއެއްގެ ޑޮކްޓަރެއްކަން، އަދި އަހަންނަށް އެނގޭ ސޮފޫ މަރުވާން މަސައްކަތްކުރިކަން ވެސް…. އަހަންނަށް އަހާލެވިދާނެތަ އެއީ ކީއްވެތޯ، އަދި މާލެ އައީ އެހެންވެގެންތޯ” އުނައިސް ހާސްވެފައި އިންވަރު އޭނާގެ ނިތްކުރިން ފާޅުވި ދާތިކިތަކުން ހާމަވެގެންދެއެވެ.

“އެއީ އަހަންނަށް ހެދުނު ވަރަށް ބޮޑު މިސްޓޭކެއް، އެންމެ ރަނގަޅުވާނީ އުނައިސްއަށް ނޭގުނިއްޔާ، އެހެންނޫނަސް އެ ވާހަކަތައް އަހަރެން އިތުރު މީހަކު ގާތު ދައްކާކަށް ބޭނުމެއްނޫން، ދެން އިރާދަކުރެއްވިއްޔާ އެފަދަ ގޯހެއް އަހަރެން ނުހަދާނަން، ފިރިހެނުންނަކީ އިތުބާރުކުރެވޭ ބައެއްނޫން، ލޯތްބަކީ ހިތަށް އުފާވެރިކަން ދޭ މިންވަރަށްވުރެ އިތުރަށް ހިތްދަތިކަން ދޭ އެއްޗެއް، އުނައިސް…. އުނައިސް ލޯބިވީންތަ؟” ސޮފޫރާގެ ނަޒަރު ހުރީ އުނައިސްއަށް ހުއްޓިފައެވެ. ހަތަރުކަޅި ހަމަކުރަން ޖެހިލުންވެގެން އެވަގުތު އުޅުނީ ވެސް އުނައިސްއެވެ.

“ނޫން… ވަރަށް ކަމުދާ ކުއްޖަކު ފެނުން، އެކަމަކު އެއީ ތަންކޮޅެއް ކުރިން، ހަޤީޤަތް އެނގުނު އިރު އެއީ އަނތްބަކަށް ހަދާވަރަށް ވަރުގެ އަންހެންކުއްޖެއް ކަމަކަށް އަހަންނަކަށް ޤަބޫލެއްނުކުރެވުން، މިހާރު އަނެއްކާ ވެސް މިއުޅެނީ ކުއްޖަކާމެދު ހިތުގައި ޝައުގުވެރިކަމެއް އުފެދިގެން، ހިތަށް އަރާ މިފަހަރު ވާނީ ކިހިނެއްބާއޭ…” އުނައިސް ހުއްޓަމުން ހުއްޓަމުން ކަހަލަ ގޮތަކަށް ވާހަކަދެއްކިއެވެ.

“ހުރިހާ ފަހަރަކު އެއްގޮތެއްނުވާނެ، އެކަމަކު އެހެން ނުވާނެކަމަކަށް ހިތް އެއްބަހެއް ވެސް ނުވާނެ، ދެން ޖެހޭނީ އަމިއްލައަށް ތަޖުރިބާ ކުރަން، އޭރުން ޤަބޫލުކުރެވޭނީ” ޑރ.ޝާންގެ ވާހަކަތަކާމެދު ވިސްނަމުން ސޮފޫރާ ބުންޏެވެ.

ސޮފޫރާގެ ފަރާތުން އުނައިސް ބޭނުންވި ސުވާލުތަކުގެ ޖަވާބު ނުލިބުނެއްކަމަކު އޭނާ ބުނަމުންދިޔަ ވާހަކަތަކުން އެކަނި ވެސް އުނައިސްއަށް ކަންތައްތަކެއް ފާހަގަކުރެވިގެންދިޔައެވެ. އުނައިސްއާ ދިމާވެފައި ހުރި އާންމު އަންހެންކުދިންނާ ސޮފޫރާ އެތައްގުނައެއް ތަފާތެވެ. ދައްކާ ވާހަކައިން ވެސް އެކަން އެނގެއެވެ. އުޒައިރު ގޮވައިގެން އާތިޤާ ގެއަށް އައިސް ވަންއިރު ވެސް އުނައިސް އާއި ސޮފޫރާ ތިބީ ބޮޑުކޮޓަރިތެރޭ ވާހަކައިގައެވެ. ސޮފޫރާ ފެނުމުން އާތިޤާ ހިތްހަމަޖެހުނެވެ. ލުތުފީގެ ބަސް ޤަބޫލުކުރެވުނީތީ އޭނާ މިހާރު ހިތްހަމަޖެހެއެވެ. ސޮފޫރާގެ ޠަބީއަތް އިހު ހުރިގޮތަށް ބަދަލު ނުވިނަމަވެސް އޭނާގެ ފަރާތުން ހެޔޮ ބަދަލުތަކެއް އާތީޤާއަށް ފާހަގަވިއެވެ.

* * * *

އަރުފީނުގެ އުފަންދުވަހަށް ޙައިދަރު މާލެ އައެވެ. އޭނާ ހުރީ ލުތުފީމެން ގޭގައެވެ. އާތިޤާގެ ފަރާތުން އަރުފީނުގެ އުފަންދުވަހަށް ޙައިދަރު އޭނާގެ ދަރިފުޅަށް ޚާއްޞަކަމެއް ބޭއްވުމަށް ބޭނުންވާކަން އެނގޭތީވެ ލުތުފީ ނިންމީ އެގޭގައި އަރުފީނަށްޓަކައި ކުޑަ ހަފުލާއެއް ބޭއްވުމަށެވެ. ޢާއިލާގެ މެންބަރުންގެ މެދުގައި އެކަންޏެވެ. ލުތުފީ ވަރަށް ގިނަ ފަހަރު މަތިން ޙައިދަރުގެ ގާތުން އެދިގެން އެކަމާ އޭނާ އެންމެފަހުން އެއްބަސްވިއެވެ. އާތިޤާއަށް ވެސް ލުތުފީގެ ޚިޔާލު ވަރަށް ކަމުދިޔައެވެ. އަރުފީނު ފެންނާނޭތީ އާތިޤާ ފެންނަނީ ވެސް އާދަޔާ ޚިލާފަށް އުފާވެފައި ހުންނާތީއެވެ. އާތިޤާގެ މޫނުމަތިން ފެންނަ ހިނިތުންވުމުން ލުތުފީގެ ހިތަށް ފިނިކަން ލިބިގެންދިޔައެވެ.

“މާދާމާ މީ އަރުފީނުގެ އުފަންދުވަސް، އެހެންވީމަ މިރޭ އެއްނު ހުރިހާކަމެއް ބާއްވަން ވާނީ” ހިތްއަވަސްވެފައި ހުރި މީހަކު ހެން އާތިޤާ ވާހަކަދެއްކިއެވެ.

“އަރުފީނަކީ ސޮފޫގެ ކޮއްކޮތަ؟” އެއްފަރާތުގައި މަޑުކޮށްލައިގެން ހުރި ސޮފޫރާގެ ގާތުގައި އުނައިސް އަހާލިއެވެ.

“އާން، އެކަމަކު އަހަރުމެން ދެމީހުން ވަރަށް ތަފާތުވާނެ، އަރުފީ ވަރަށް މަޖާވާނެ، އެއްޗެކޭ ކިޔާ ދިމާކޮށްލާއިރަށް ރުޅިގަދަ ވެގެން ކުކުޅެއްހެން އައިސް އަރައިގަންނާނެ، އެހާ އަވަހަށް މަންމަ ގާތަށް ޝަކުވާކުރަން ދުއްވައިގަންނާނެ، ވަރަށް ޝަކުވާ ކުރި މާލެ ގެންނަން އުޅުނީމާ ވެސް” ސޮފޫރާ، އަރުފީނުގެ ވާހަކަދެއްކިއިރު ހިނިތުންވެލައިގެން ހުރި ގޮތުން އުނައިސްގެ ނަޒަރު ހުއްޓިގެން ދިޔައީ ސޮފޫރާގެ ތުންފަތަށެވެ. ހިތްހަމަޖެހިފައި ހުރެ އުފާވެރިގޮތަށް ސޮފޫރާ ހިނިތުންވެލިތަން އުނައިސްއަށް ފެނުނު މީ ފުރަތަމަ ފަހަރަކު ކަމަށްވީމައެވެ. އެ ދޮންމޫނުގެ ރީތިކަން ހިނިތުންވުމުން އެކަނި ވެސް އިތުރުވެގެން ދިޔަ ކަހަލައެވެ. ބޭއިޚްތިޔާރުގައި އުނައިސްއަށް ވެސް ހިނިތުންވެލެވުނެވެ. ހަމައެއާއެކު އަރުފީނާ ބައްދަލުކުރުމުގެ ޝައަގުވެރިކަން ވެސް ހިތުގައި އުފެދިގެން ދިޔައެވެ.

ގޭތެރެ ކުޑަކޮށް ތައްޔާރު ކުރުމުގައި އާތިޤާ އާއި އުޒައިރުގެ އިތުރުން ގޭގައި ގެންގުޅޭ މީހުން އުޅެއެވެ. އުނައިސް ފުރަތަމަ ފަހަރަށް އިސްނަގައިގެން އަރުފީނަށް އުފަންދުވަހުގެ ކޭކެއް ހޯދުމުގެ ޒިންމާ ނެގިއެވެ. އަދި އޭނާއާއެކު ސޮފޫރާ ފޮނުވުމަށް ލުތުފީގެ ގާތުން އުނައިސް އެދުނެވެ. ފުރިހަމަ ޢާއިލާއެއް ގޭގައި އުޅޭކަމުގެ އިހުސާސް ލުތުފީއެއް ކުރެވިފައި ބޮޑުކޮޓަރީގެ ހަލަބޮލިކަމުގެ ތެރެއަށް އޭނާ ގެއްލިފައި ހުއްޓެވެ. މުޅި ގެއަށް އައު ދިރުމެއް އައިސްފައިވާ ކަހަލައެވެ. އާތިޤާގެ ފަހަތުން އުޅޭ އުޒައިރު ފެނި އިހުނަށްވުރެ ބޮޑަށް ލުތުފީއަށް ހިނިތުންވެލެވުނެވެ.

* * * *

އިރުއޮއްސި އަނދިރިވާން ފެށުމުން ގޯތިތެރޭގައި ޖަހާފައި ހުރި ބޮކޮދަނޑިތަށް ދިއްލުމަށް ގޭގައި ގެންގުޅޭ ކުއްޖާއަށް ޝާރުދާ އަންގާފައި ނިކުމެ ޕޯޓިކޯގައި ހުރީ މީހެއްގެ އިންތިޒާރުގައި ހުރި ހެންނެވެ. އިރުއިރުކޮޅާ އަތުކުރީ އޮތް ގަޑިއަށް ބަލާލައެވެ. އަދި އެނބުރި ބޮޑުކޮޓަރީގެ ދޮރުން އެތެރެ ވެސް ބަލާލައެވެ. އެހެން ހުންނަތާ ގިނަ އިރެއްނުވަނީސް ގޭޓުން ޙައިދަރު ވަދެގެން އައެވެ. ޝާރުދާ އިސްވެ އަތްދިއްކޮށްލުމުން އޭނާއާ ޙައިދަރު ސަލާމްކޮށްލިއެވެ. ދެ މީހުން އެކުގައި އައިސް ބޮޑުކޮޓަރީގެ ސޯފާގައި އިށީނެވެ.

“އަރުފީނަށް އެނގޭނެތަ އަޅުގަނޑު އަންނަކަން” ޙައިދަރު އަހާލިއެވެ.

“ބުނީމެއްނޫންތޯ އަރުފީނު ގާތު ނުބުނަން، އެހެންވެ އަޅުގަނޑު ނުބުނީ” ހިތްހެޔޮކަމުގެ ހިނިތުންވުމަކާއެކު ޝާރުދާ ވާހަކަދެއްކިއެވެ.

“ކުއްލިއަކަށް މާލެ ތި ދުރުވީ އަރުފީނު ރަށަށް ގެންދެވަންތޯ” ޝާރުދާ އަހާލިއެވެ. އެވަގުތު ވަރުޝާ ތަބަކެއްގައި ކޮފީ އާއި ބިސްކޯދުގެ އިތުރުން ސޭންޑިވިޗް އަޅާފައި ހުރި ތަށިތައް ތަބަކުގައި އަތުރައިގެން އައިސް ސޯފާތަކުގެ މެދުގައި ހުރި ބިއްލޫރި މޭޒުގައި ބަހައްޓަނީއެވެ. މެހެނާޒުމެންގެ ބަޔަށް ދިއުމަށް ރުހައިލު އާއި ފަޒަލް ވެސް ބޮޑުކޮޓަރިއަށް އޭރު ނިކުތީއެވެ.

“ރަށަށް ގެންދާކަށް ނޫން، މިވަގުތު ހުރިހާ އެންމެން ވެސް ތިބީ މާލޭގައި އަރުފީނާ ބައްދަލުކުރާން އައިސް، މާދަމާ މީ އަރުފީނުގެ އުފަން ދުވަސް” ޙައިދަރު ބުނެލިއެވެ.

“އެހެންތޯ؟ އަޅުގަނޑުމެންނަށް ނުވެސް އެނގޭ، އަރުފީނު ނުބުނަންޏާ ކިހިނެއްތޯ އަޅުގަނޑުމެންނަށް އެނގޭނީ، އަޅުގަނޑު ގޮވާލަން ތޯ އަރުފީނަށް، ވަރަށް އުފާވާނެ ކުއްލިއަކަށް ޙައިދަރު ފެނިލެއްވުމުން” ޝާރުދާ ބުނެލިއެވެ. ރުހައިލަށް ޝާރުދާ އާއި ޙައިދަރު ދެއްކި ވާހަކަ އިވުމުން އެ ދިމާއަށް ބަލާލެވުނެވެ.

“މާދަމާ އަރުފީނު ބާތްޑޭ އޯ” ރުހައިލު ފަޒަލްއަށް ބުނެލިއެވެ.

“އަރުފީނުގެ ބައްޕަ އެ އައީ އޭނާ ގެންދަންތަ؟” ފަޒަލްއަށް ރުހައިލު ބުނި އެއްޗެއް އަޑުއިވުނު ކަމަކަށް ނުވިއެވެ. ދެ ޒުވާނުން ބޮޑުކޮޓަރިން ނިކުމެގެން މެހެނާޒުގެ ބަޔަށް އައެވެ.

“އަރުފީނު ޗުއްޓީއަށް ރަށަށް ދަނީހެން ހީވަނީ، އެކަމަކު އެނބުރި އަންނާނެ އެއްނު، ކޯސް އަދި ނުނިމެއެއްނު” ރުހައިލުގެ އަޑގައި ޔަގީންކަން ހުއްޓެވެ. ފަޒަލް އިތުރަށް އަރުފީނުގެ ވާހަކައެއް ނުދެއްކިއެވެ. އެހެންނަމަވެސް ރުހައިލު ހުރީ އަރުފީނަށް އުފަންދުވަހުގެ ތަހުނިޔާ ކިޔާ ހިތުން ކެތްމަދުވެފައެވެ. ޙައިދަރު އަރުފީނު ގޮވައިގެން ދާއިރު ގޭގައި ހުންނަން އޭނާ ބޭނުންވިއެވެ. އޭރުން އަރުފީނު ފުރުމުގެ ކުރިން ތަހުނިޔާ ކިޔޭނެއެވެ.

“ކޮންކަމަކަށް ގެއްލިފައި ތިހުންނަނީ، ބޮޑު ފިކުރެއް ކުރަނީތަ؟ ރުހައިލު ހާދަ ކަންނެތް ވެއްޖެޔޭ، އަބަދު އެނދުގައި، އެކަމަކު ބުނާނެ މަށޭ އަބަދު ފޯނުން ނާރައިގެން އުޅެނީ، ޔުނިވަރސިޓީގެ އެންމެ ފަހު ދުވަސްކޮޅުގައި މުޅިން ފިލައިގެން އުޅުނީ، ޓެސްޓު ނިންމާލި ދުވަހު ވެސް އަހަރުމެންނާއެކު ކޮފީއެއް ބޯލަން ވެސް ނުދިޔަ” ފަޒަލް ޝަކުވާކޮށްލިއެވެ.

“ކަމޯން ބްރަދަރ، ކަމެއްނުވެޔޭ… ހިނގާބަލަ ތިކުރާކަމެއް ކޮށްފައި ގެއަށް އަންނަން” ރުހައިލު ފުރަތަމަ ފަހަރަށް ފަޒަލްއަށް ކަމެއް ސިއްރުކުރިއެވެ. ހަމައެއާއެކު އޭނާގެ ސިކުނޑީގައި އައު ޚިޔާލެއް ހިނގައިގަތެވެ.

ޝާރުދާ، އަރުފީނު ގާތު އޭނާގެ ބައްޕަ އަންނަން ބުނެފައި އޮތް ވާހަކައެއް ނުބުނެއެވެ. އެހެންނަމަވެސް އޭނާއާއެކު ބޭރަށް ދިއުމަށް ތައްޔާރުވެލައިގެން ހުރުމަށް ޝާރުދާ ވަނީ އެދިފައެވެ. އެހެންވެ ކޮޓަރީގައި ހުރި ލިޔާމޭޒު ކައިރީ ލެޕްޓޮޕުން ދިވެހި ފިލްމެއް ބަލަން އަރުފީނު އިނީ ޝާރުދާ ގޮވާލީމާ ވަގުތުން ނިކުންނަން ތައްޔާރަށެވެ.

“އަރުފީނު…” ދޮރުހުޅުވާލަމުން ޝާރުދާ ގޮވާލިއެވެ.

“ލައްބަ، އަޅުގަނޑު ތައްޔާރުވެ ނިމިފައި މިހިރީ” އަރުފީނު ތެދުވެ ލެޕްޓޮޕް ލައްޕާލަމުން ބުނެލިއެވެ. އަދި ދޮރާދިމާލަށް ހިނގައިގަތެވެ.

“ހިނގާބަލަ ތިރިއަށް، އަރުފީނު ހޯދަން މީހަކު އައިސް އެބައިން” ޝާރުދާ މިހެން ބުނުމުން އަރުފީނުގެ މޫނުމަތިން ފެނިގެން ދިޔައީ ހައިރާންކަމެވެ. އެގޭގައި މިވީ ދުވަސްތަކުގައި އޭނާއާއެކު ކިޔަވާ ކުއްޖަކު ވެސް އެގެއަށް އަންނަން އަރުފީނު އެއްބަހެއްނުވެއެވެ. އަދި އެއިން މީހަކު އޭނާ ހޯދަން އައިސްފައެއް ވެސް ނުވެއެވެ. ވީއިރު އޭނާ ހޯދަން ރޭގަނޑުގެ ވަގުތަކު އަންނާނީ ކާކުބާއޭ ސުވާލު އުފެދުނީއެވެ.

ލިފްޓުން ނިކުމެގެން ބޮޑުކޮޓަރިތެރެއަށް އައި އަރުފީނު ފެނުމާއެކު ޙައިދަރަށް ކޮޅަށް ތެދުވެވުނެވެ. އޭނާ އަރުފީނު އެގެއަށް ގެނައި އިރު ހުރި ގޮތާ މިހާރު ފެންނަ އަރުފީނު ހުރި ގޮތް ތަފާތެވެ. ހަށިގަނޑަށާއި އިސްތަށިގަނޑަށް ބޮޑުބަދަލެއް ނައެއްކަމަކު ދަރިފުޅުގެ ހެދުން އެޅުމުގައި އަންހެންވަންތަ ވައްޓަފާޅިއެއް ހުރިކަން ޙައިދަރަށް ފާހަގަވިއެވެ. އެގޮތް އޭނާއަށް ކަމުވެސް ދިޔައެވެ. އަރުފީނުގެ ގައިގާ އަންހެންވަންތަ ގޮތެއް ވެސް ހުރީމައެވެ. ޙައިދަރަށް ދެން ބަލާލެވުނީ ޝާރުދާއަށެވެ. ޝުކުރުވެރިވާންވީ އޭނާއަށްކަން ޙައިދަރަށް އެނގޭ ކަހަލައެވެ.

“ބައްޕާ، ކޮންއިރަކު އައީ؟ އަޅުގަނޑު ހާދަ ވަރަކަށް ގުޅީމޭ” ދަތްތައް ފެންނަވަރަށް ހިނިއައިސްފައި ހުރެ އަރުފީނު އަހާލިއެވެ. އަދި އަދަބުވެރި ގޮތަކަށް އައިސް ޙައިދަރުގެ ގާތުގައި މަޑުކޮށްލިއެވެ.

ޙައިދަރަށް އަރުފީނުގެ ބޮލާއި ކޮނޑުގައި ފިރުމާލެވުނެވެ. ދަރިފުޅާމެދު ބުނާނެ އެއްޗެއް ނޭނގިފައި ހުރި ކަހަލައެވެ. އެހެންނަމަވެސް އެ ދެ ލޮލުން ދަރިފުޅުގެ މައްޗަށް އޮތް ލޯތްބާއި އޯގާތެރިން ފެންނަމުންދިޔައެވެ. މީގެ ކުރިން ރީތިކޮށް ވާހަކަދައްކަން ސަމާލުކަމެއް ދީފައިނުވާ އަރުފީނު އަދަބުވެރި ކަމާއެކު ވާހަކަދައްކާތަން ފެނުމުން ހަޤީޤަތުގައި ވެސް ޝާރުދާއަށް ޝުކުރު ހައްޤުކަން ޙައިދަރު ޤަބޫލުކުރިއެވެ.

“އަންހެންދަރިފުޅުގެ ހެޔޮ ބަދަލަކީ ޝާރުދާގެ ތަރުބިއްޔަތު، ޝުކުރުވެރިވާނީ ކޮން ދުލަކުން ކަމެއް ނުވިސްނުނު” ޙައިދަރުގެ ކުރިމަތީ ހުރި ސޯފާގައި ޝާރުދާ އައިސް އިށީނުމާއެކު ޙައިދަރު ބުނެލިއެވެ.

“އަރުފީނާމެދު އަހަރެން ވަރަށް ހިތްހަމަޖެހޭ” ޝާރުދާ ބޯޖަހާލަމުން ބުނެލިއެވެ.

“ބައްޕަ މިއައީ ޗުއްޓީ ދުވަސްކޮޅަށް އަރުފީނު ގެންދާންވެގެން، ތައްޔާރުވެލަންވީނު” ޙައިދަރު ދަރިފުޅަށް ބަލާލަމުން ބުނެލިއެވެ.

އަރުފީނު އަވަސް އަވަހަށް ތެދުވެގެން އޭނާގެ ފޮށި ތައްޔާރުކުރުމަށް ދިޔައެވެ. ކޮޓަރިއާ ހަމައަށް ނާދެވިގެން އުޅެނިކޮށް ފޯނަށް މަސެޖެއް އައިސްގެން ބަލާލިއެވެ. ރުހައިލުގެ ވައިބަރ މެސެޖެކެވެ. އަރުފީނު ފުރަނީތޯ ރުހައިލު ސުވާލުކޮށްފައި އޮތެވެ.

“އާން! ރުހައިލު އުފާވާނެއެއްނު އޭރުން” ސަމާސާކޮށްލުމުގެ ރޫހެއްގައި ހުރެ އަރުފީނުގެ ޖަވާބު ފޯނުން ފޮނުވާލިއެވެ.

“އަހަރެން ވެސް ހީކުރީ އަރުފީނު ދިޔައިމަ އުފާވާނެކަމަށް، އެކަމަކު އުފަލެއްނުވޭ، އެއީ ކީއްވެ؟” ރުހައިލު ފޮނުވި މެސެޖު ކިޔަމުން ކޮޓަރިއަށް ވަނުމާއެކު އަރުފީނަށް ހީނގަނެވުނެވެ. ރުހައިލު އުޅޭ ގޮތުން އޭނާއާ ނުވެސް ގުޅެއާ އަރުފީނުގެ ހިތަށް އެރިއެވެ.

“ތި ސުވާލަށް ޖަވާބުދޭކަށް އަހަންނަކަށް ނޭނގޭ، މިހާރު މި ރެޑީވަނީ ދާން، ވާހަކަދައްކަން ހުންނާނެހާ ވަގުތެއްނެތް، އަނެއްކާ ވެސް އުނދަގޫކުރަން އަންނާނަން ކިޔެވުން ފެށެން ކައިރިވީމަ” އަރުފީނު ފަހު މެސެޖެއްގެ ގޮތުން ރުހައިލަށް ފޮނުވާލިއެވެ. އަދި އަލަމާރި އާއި ފާރާ ދޭތެރޭގައި ބަހައްޓާފައި ހުރި ފޮށިނަގާ އަރުފީނު ބޭނުންވާ އެއްޗެހި އެއަށް އަޅަން ފެށިއެވެ. އޭރު ވެސް އޭނާއަށް ހުރެވުނީ ހިނިތުންވެލައިގެންނެވެ. ސިކުނޑީގައި ވަނީ އާތިޤާ އާއި ސޮފޫރާގެ ޚިޔާލެވެ.

“އަރްފީން، މާދަމާ ދާގޮތަށް ލަސްކުރަންވީނު” އަނެއްކާ ވެސް ރުހައިލު ވައިބަރ ކުރިއެވެ.

“ޕްލީޒް، ޕްލީޒް، ޕްލީޒް…. ވަރަށް ބޮޑުކަމަކުއޭ މިބުނީ ލަސްކުރަން” އަރުފީނުގެ ޖަވާބެއް ނުލިބުމުން ރުހައިލު އާދޭސްކޮށްފައި މެސެޖެއް ފޮނުވާލިއެވެ.

“ހެލޯ، ސީރިއަސްކޮށް އަހަންނަށް މިހާރު ވާހަކަދެއްކޭކަށްނެތް، ބައްޕަ އެބައިން ތިރީގައި، އަހަރެން ބަލާ އައިސް އެ އިނީ، މިދަނީ ދާން، ދެން ހިތްހެޔޮ ކުރާތި، އިރާދަކުރެއްވިއްޔާ އަދި ފެންނާނެ” އަރުފީނު ފޮށްޓަށް އެއްޗެހި އަޅާ ނިމިގެން ރުހައިލަށް ގުޅާފައި ވާހަކަދެއްކިއެވެ.

“އެނގެޔޭ މުޅި އުމުރަށް ވަކިވަނީކީ ނޫންކަން، އެހެންވިޔަސް މިރޭ އަހަރެން ބޭނުން އަރުފީނާ ބައްދަލުކޮށްލަން، ވަރަށް ބޮޑުކަމަކު، އޯކޭ މާދަން ފުރިޔަސް، ނުދާށޭ އަހަންނެއް ނުބުނަން، އެއީ އަރުފީނުގެ ފެމެލީ ދޯ، އެމީހުންގެ ގާތަށް ދާން ވެސް ޖެހޭނެ، އެކަމަކު ޕްލީޒް، ހަމައެކަނި މިރޭ މަޑުކޮށްލަދީ” ރުހައިލުގެ އަޑުގައި ހުރި އާދޭހުގެ ރާގު އަރުފީނަށް ނަގައިގަނެވުނެއްކަމަކު އޭނާ ބޭނުންވާ ގޮތް ހަދައި ދެވޭކަށް އަރުފީނަކަށް ނެތެވެ.

“ވަރަށް ބޮޑަށް ސޮރީ، ބައްޕަ އައިސް އިންދާ މާދަމާ އަންނާށޭ ކިޔާ ފޮނުވާލާކަށް ނުކެރޭނެ، ރުހައިލު އަހަންނާ ބައްދަލުކުރަން ބޭނުންވާނަމަ މިހާރު އާދެ، އަހަރެން މި ނިކުންނަނީ ކޮޓަރިން” އަރުފީނުގެ ނިންމުން އޭނާ ރުހައިލަށް އިއްވިއެވެ.

“މިވަގުތު އަހަރެން ބޭނުންވާގޮތަށް އެއްވެސް ކަމެއް ކުރެވޭކަށްނެތް، އެކަމަކު އެބަ ދަން، ދިއުމުގެ ކުރިން އަހަންނަށް ފެނިލާފަ ދައްޗޭ” ރުހައިލު މާޔޫސްވިއެއްކަމަކު އެކަން އޭނާ ފޯނުން ނުދެއްކިއެވެ. އަވަސްވެ ގަތީ ފަޒަލްމެން ގޭގައި ހުރެފައި އަވަހަށް ގެއަށް އަންނާށެވެ.

ދުވެފައި ގޭތެރެއަށް ވަން ރުހައިލު މަޑުޖެހުނީ ޝާރުދާ އާއި ޙައިދަރު ފެނިފައެވެ. އެހެންނަމަވެސް ހަލުވިކޮށް އައިސް ލިފްޓަށް އެރިއެވެ. އޭނާއަށް މައްޗަށް ދެވުނު އިރު ކޮރިޑޯގައި ލިފްޓު ކައިރީ ފޮށި ހިފައިގެން އަރުފީނު ހުއްޓެވެ. ފުންނޭވާއެއް ބޭރުކޮށްލެވުމާއެކު ރުހައިލު އޭނާގެ ޖިންސުގެ ޖީބަށް ދެއަތް ޖަހާލިއެވެ. އަދި އަރުފީނުގެ މޫނަށް ބަލަން ފެށިއެވެ. ހިތުގައި އެތައް ވާހަކައެއް ހުއްޓެއްކަމަކު ދުލާ ހަމައަށް ގެނައުން ފަސޭހަކަމަށް ރުހައިލަކަށް ނުވިއެވެ. އަނގަޔަށް އެކިގޮތްގޮތް ހެދި ނަމަވެސް ބުނާނީ ކީކޭކަމެއް އޭނާއަށް ނޭނގުނެވެ.

“އަވަސްކޮށްބަލަ، އަހަންނަށް ލަސްވެފަ މިހިރީ” އަރުފީނު ބުނެލިއެވެ.

“އަދި ފެންނާނެ ދޯ…” އަވަސްއަރުވާލާފައި ރުހައިލު އަހާލިއެވެ.

“އެހެންނު މިބުނަނީ، ކިޔެވުން ފެށެންވާއިރަށް އަހަރެން އަންނާނަމޭ، އެކަމަކު ރުހައިލުގެ ކޯސް ނިމުނީނު، ދެން ނުޖެހޭނެއެއްނު ކިޔެވުމައިގެން އުޅޭކަށް” އަރުފީނު ބުނެލިއެވެ.

ރުހައިލު ތިރީ ތުންފަތުގެ ކޮޅުގައި ދަތްއަޅާލަމުން އަރުފީނަށް ބަލާލިއެވެ. އޭނާ ބުނަން ބޭނުންވެ ނުބުނެވިގެން އުޅޭ ހުރިހާ ވާހަކަތަކައް އަރުފީނަށް އެނގޭނެނަމޭ ރުހައިލުގެ ހިތަށް އަރާކަހަލައެވެ. އަރުފީނަށް ލިފްޓުގެ ދޮރުހުޅުވާލަ ދިނުމުން އޭނާ ފޮށި ހިފައިގެން ލިފްޓަށް އެރިއެވެ. އެއްފައި ތަޅުވާލެވުނު ރުހައިލު ކެތްތެރިކަން ކުޑަވެފައި ހުރި ކަހަލައެވެ. ލިފްޓުގެ ދޮރު ލެއްޕެން ހުޅެނިކޮށް އެ ދޭތެރެއަށް އަތްލައްވާލުމާއެކު ލިފްޓު ހުއްޓުވިއެވެ. އަދި ނިކަން އަވަހަށް ލިފްޓުގެ ތެރެއަށް ދެމިގަންނަމުން އަރުފީނުގެ ގައިގާ ބައްދާލާފައި ދުރަށް ޖެހިލިއެވެ.

“ސީ ޔޫ…. ސަންތި…” މާނަފުން ބަލާލުމަކާއެކު ރުހައިލު، އަރުފީނުގެ ނިތްކުރީގައި ޝާހަދަތްއިނގިލި ޖައްސާ ކުޑަކޮށް ކޮށްޕާލިއެވެ. އަދި ލުއި ހިނިތުންވުމަކާއެކު ފަހަތަށް ފިޔަވަޅު އަޅާލަމުން ލިފްޓުން ނިކުމެ އޭގެ ދޮރުލެއްޕެންދެން ބަލަންހުއްޓެވެ. އޭރު ދެ ލޯ ބޮޑުވެ އަނގައިން ބަސްހުއްޓިފައި އަރުފީނު ހުއްޓެވެ. ދެންމެ ވީގޮތެއް އޭނާއަކަށް ވެސް ނޭނގުނެވެ. ރުހައިލު އެގޮތަށް އޭނާގެ ގައިގާ ބައްދާލަފާނެކަމަކަށް ހިޔެއްނުކުރޭވިއްޔާއެވެ. އަރުފީނުގެ ސިކުނޑިއަށްވުރެ ހިތް މަސައްކަތްކުރާލެއް އަވަސްވި ކަހަލައެވެ.

ކަމަކަށް ގެއްލިފައި ހުރެ އަންނަ މީހަކު ހެން އަރުފީނު ފޮށި ދަމަމުން ޙައިދަރުގެ ގާތަށް އައެވެ. ޝާރުދާ އާއި ޙައިދަރު ސޯފާއިން ތެދުވެގެން އައިސް އަރުފީނުގެ ގާތުގައި ހުއްޓެވެ. ޝާރުދާ، އެ ދެބަފައިންނާއެކު ގޭޓާ ހަމައަށް ދިޔައެވެ. އަރުފީނު ހީވަނީ ޝޮކެއްޖެހިފައި ހުރި މީހަކު ހެންނެވެ. ޝާރުދާއަށް ވެސް ހިނިތުންވެލެވުނީ ވަރަށް ވަރުންނެވެ. އޭރު މަތީގައި ހުރި ކޮޓަރިއަކުން އެ ދިމާއަށް ރުހައިލު ބަލަންހުރި ތަނެއް އަރުފީނަކަށް ނުފެނެއެވެ. އޭނާ ޙައިދަރުއާއެކު ގޭޓަށް ފުރަގަސްދެމުން ހިނގައިގަތީއެވެ.

* * * *

އާތިޤާ އާއި ސޮފޫރާ އިރުއިރުކޮޅާ ގޭގެ ބޭރު ދޮރޯށިން މަގުމަތި ބަލާލައެވެ. ކާރެއްގެ ހިލަމެއްވާއިރަށް އެ ދެމައިންނަށް ހީވަނީ ޙައިދަރު އަރުފީނު ގޮވައިގެން އައީ ހެންނެވެ. އެހެން އުޅެނިކޮށް އެމީހުންނަށް ފެނުނީ ހިލަމެއް ވެސް ނުވެ ގޭގެ ދޮރޯށިން ވަދެގެން އައިސް ބޮޑުކޮޓަރި ތެރެއަށް ޙައިދަރު އާއި އަރުފީނު ވަންތަނެވެ.

“ބޮޑުމަންމަ މަތިން ވަރަށް ހަނދާންވި” އަރުފީނު ދުވެފައި އައިސް އާތިޤާގެ ގައިގާ އޮޅުލައިގަންނަމުން ބުނެލިއެވެ.

“އަޅުގަނޑު ހުރީ ރަށް ބަލާލާހިތުން، އެކަމަކު ބައްޕަ ބުނުއްވައިފި މިފަހަރު ރަށަށް ނުދާނަމޭ، މާލޭގައޭ ބޮޑުމަންމަމެން ވެސް ތިބީ” އަރުފީނު ވާހަކަދެއްކުމުން އާތިޤާއަށް ވެސް ބަލާލެވުނީ ޙައިދަރަށެވެ.

“ހާދަ ބޮޑުވެއްޖެޔޭ އަރުފީ، ކިޔަވާތި އައި ބަދަލެއްތަ، މިހާރު ހީވަނީ ހަމަ މާލޭ ކުއްޖެއްހެން، ހެދުން ވެސް ބަދަލުކޮށްލައިފި އެގޮތަށް” ސޮފޫރާ އައިސް އަރުފީނުގެ ގާތުގައި ހުއްޓެމުން އޭނާގެ އަތުގައި ހިފާލާފާއި ބުނެލިއެވެ.

ލުތުފީ އާއި އޭނާގެ ކުދިން ދުރުގައި ތިއްބެވެ. އަރުފީނާއެކު ހޭދަކުރާނޭ ވަގުތު ދީފައެވެ. އެހެންނަމަވެސް އާތިޤާ އަރުފީނާ ވާހަކަދައްކަމުން އައިސް އުޒައިރަށް ގޮވާލާފައި އޭނާއާ އަރުފީނު ބައްދަލުކޮށްދިނެވެ. އަދި އެއަށްފަހު ލުތުފީގެ ޢާއިލާގެ ވާހަކަ ކިޔަދެމުން ފަހަރަކު މީހަކަށް ތަޢާރަފްކޮށްދިނެވެ.

މެންދަމު ބާރަ ޖަހަން އެއްމިނެޓަށް ވެފައި ހުއްޓާ ސޮފޫރާ އައިސް ކޮޓަރިއަށް ވަނެވެ. އޭރު އެތަނުގައި ފޯނު ހިފައިގެން އަރުފީނު އޮތެވެ. ސޮފޫރާ އައިސް އަރުފީނު ގާތު ގޭގެ ހާމަފެންޑާއަށް އޭނާއާއެކު އައުމަށް އެދުނެވެ.

“އަހަންނަށް އެނގޭ ސޮފޫދައްތަ ތިއުޅެނީ އަހަންނަށް ކަމެއްކުރަންކަން، ކޮންމެފަހަރަކު ބާތްޑޭގަ ކޮންމެވެސް ކަމެއްކުރާނެ، އެކަމަކު މީ މީހެއްގެ ގެއެއް، މިގޭގައި ނުވާނެ އެކަހަލަ ކަމެއްކޮށްގެން” އަރުފީނު ބުނެލިއެވެ. އެވަގުތު އަރުފީނަށް މަސެޖެއް އައެވެ.

“ވަރަށް އުފާވެރި އުފަންދުވަހަކަށް އެދެން، އަރުފީނުގެ އުފަންދުވަހުގައި ހަދިޔާއެއް ދޭން އަހަރެން ބޭނުން، އެކަމަކު ތި ހުރި ހިސާބަށް އަހަންނަށް ނުދެވޭނެކަން އެނގޭ، އެހެންވިޔަސް އެނބުރި އައުމުން އަހަރެންގެ ހަދިޔާ ދޭނަން، އަވަހަށް އަނައްޗޭ، އަހަރެންގެ މަތީން ހަނދާންނައްތާނުލައްޗޭ، އަހަރެންގެ އުފަންދުވަސް އަންނަނީ އަރުފީނުގެ އުފަންދުވަހާ އެއްދުވަހެއްގަ، ހެ ހެ ހެ އެކަމަކު އެއްމަސް ފަހުން” ރުހައިލުގެ މެސެޖު ކިޔާލިއިރު އަރުފީނުގެ ތުންފަތުން އެހެންޏާ ނުފެންނަ ކަހަލަ ހިނިތުންވުމެއް ފެނިގެން ދިޔައެވެ. ހަމައެހާ އަވަހަށް މޫނުމައްޗަށް ސީރިއަސްކަން ގެނައެވެ.

އަރުފީނުގެ މޫނަށް ބަލަން ހުރެފައި އޭނާގެ އަތުގައި އޮތް ފޯނު ސޮފޫރާ އަތުލަން އުޅުނެއެވެ. އެއާއެކު ދެއަތުން ފޯނުގައި ހިފާ ބާރުކޮށްލުމާއެކު އެއްފަރާތަށް ޖެހިލިއެވެ.

“ހާދަ ފާޑަކަށް ހުރީ، ކާކުތަ މެސެޖުކުރީ، ދައްކަބަލަ ބަލާލަން” ސޮފޫރާ، އަރުފީނާ ގާތަށް ފިޔަވަޅެއް އަޅާލުމާއެކު ބުނެލިއެވެ.

“އެހާ މުހިންމު މެސެޖެއްނޫން އެއީ، ކޮންތާކަށްތަ ދާންވީ، ސޮފޫ ދައްތަ ތިއައީ އަހަރެން ބަލައޭ ބުނި” ލާފައި ހުރި ޖިންސުގެ ޖީބަށް އަވަސްއަރުވާލާފައި ފޯނު ކޮށްޕާލަމުން ސޮފޫރާގެ އަތުގައި ހިފާ ކޮޓަރިން ނިކުންނަން އަރުފީނު އުޅުނެވެ. އޭނާއަށް ރުހައިލު ކޮށްފައި އޮތް މެސެޖު މީހަކަށް ފެންނަން ބޭނުންނުވީ ކީއްވެކަމެއް އަރުފީނަކަށް ނޭނގެއެވެ. އެހެންނަމަވެސް ރުހައިލު ބަހައްޓާ ގާތްކަމުގެ ސަބަބުން އޭނާއަށް ރުހައިލާ މެދު ވިސްނަން މަޖުބޫރުވެފައި ވެއެވެ.

ސޮފޫރާ، އަރުފީނު ގޮވައިގެން ހާމަފެންޑާއަށް އެރިއިރު އެތަނުގައި އެންމެން ތިއްބެވެ. އަރުފީނު ފެނުމާއެކު އެންމެން އެއްފަހަރާ ކަހަލަ ގޮތަކަށް އުފަންދުވަހުގެ ތަހުނިޔާ ކިޔަންފަށައިފިއެވެ. އުޒައިރުގެ އަތުގައި އޮތް ފާރުސަލެއް އެހެންމީހުންނަށްވުރެ ކުރިން އަވަހަށް އައިސް އަރުފީނަށް ދިއްކޮށްލިއެވެ. އުޒައިރު ލޯބިކަމުން އަރުފީނު އެ ކުއްޖާގެ ކޮލުގައި ކޮއްޓާލާފައި ދެއަތުން ފާރުސަލުގައި ހިފިއެވެ.

“އަޅުގަނޑު މިހުންނަނީ އަރުފީނު ދައްތަ ނުފެނިގެން، ސޮފޫދައްތަ ދެއްކީ ހަޑިހަޑި ފޮޓޮއެއް” އުޒައިރު ބުނެލިއެވެ. އަރުފީނު ހިނިތުންވެލައިގެން އުޒައިރުގެ ވާހަކަތައް އަޑުއަހަން ހުރެފައި ޙައިދަރަށް ބަލާލިއެވެ. އަދި ޙައިދަރުގެ ގާތަށް ހިނގައިގަތެވެ. އެވަގުތު އޭނާގެ ލޮލުގައި އަޅައިގަތީ ސޮފޫރާއަށް ނަޒަރު ހުއްޓާލައިގެން ހުރި އުނައިސްއެވެ. އެތަނުގައި އެންމެންގެ ސަމާލުކަން އަރުފީނަށް ހުއްޓިފައި ހުރިއިރު އުނައިސްގެ ސަމާލުކަން ހުއްޓިފައި ހުރީ ސޮފޫރާއަށެވެ. ހިތުގައި ސުވާލުތައް އުފެދިގަތެވެ. ސޮފޫރާއަށް ބަލާލުމާއެކު އޭނާ އައިސް އަރުފީނުގެ ގައިގާ ބައްދާލަމުން އުފަންދުވަހުގެ ތަހުނިޔާ ކިޔާލިއެވެ. އެތައްދުވަހެއް ވަންދެން ނުފެނި ހުރެފައި ފެނުމުން ކޮއްކޮގެ ގައިން ދޫކޮށްލަން ސޮފޫރާ ބޭނުންނުވާ ކަހަލައެވެ. އާތިޤާ އައިސް ދެކުދިންގެ ގައިގާ ބައްދާލިއެވެ.

“ދަރިފުޅު ފެންނަލެއް ވަރަށް ތަފާތު، މިހާރު ހީވަނީ ވަރަށް ބޮޑުކުއްޖެއްހެން، މަންމަ ވަރަށް އުފާވެފައި މިހުންނަނީ އަރުފީނު ކިޔަވާ މޮޅުކުއްޖަކަށްވާތީ، ބައްޕަ ބުނި، އެގޭ ދައްތަ ބުންޏޯ އަރުފީނު ވަރަށް ބަސްއަހައޭ، ވަރަށް ރަނގަޅު ކުއްޖެކޭ” ޅަކުއްޖެއްހެން އާތިޤާގެ ގާތުގައި އުޅުނު އަރުފީނަށް އައިސްފައި ހުރި ބަދަލާއެކު އޭނާ ކުރިން ވެސް އަރުފީނު ގާތު ދެއްކި ވާހަކަތަކުން ބައެއް ތަކުރާރުކޮށްލެވުނެވެ.

“މައި އިމޯޝަނަލް މަމް…” އާތިޤާގެ އެއްފަރާތުގައި ހުރެފައި ސޮފޫރާ ބުނެލިއެވެ. އެއާއެކު އަރުފީނު ހޭންފެށިއެވެ. އާތިޤާ ލޯއަޅާލަމުން ވެސް ސޮފޫރާގެ ކޮލުގައި އަތްތިލަ ޖައްސާލުމާއެކު ކޮށްޕާލީ މައިވަންތަކަން އެކުލެވިގެންވި ގޮތަކަށެވެ. ސޮފޫރާ ހިނިއައިސްފައި ހުރެ އާތިޤާގެ ގައިގާ ބައްދާލިއެވެ. ދެންވީގޮތެއް އެކަކަށް ވެސް ނޭނގެއެވެ. ސޮފޫރާ، އާތިޤާއާ ދުރެއްނުވިއެވެ. މަޑުމަޑުން އޭނާއަށް ރޮވުނީއެވެ. އޭނާގެ ސަބަބުން މަންމައަށް ލިބިފައިވާ ހިތްދަތިކަމަށްފަހު އުފާވެރިކަމުގެ ހިނިތުންވުމެއް ފެނުނު ފުރަތަމަ ފަހަރުކަމަށް ވީތީ ސޮފޫރާގެ ހިތަށް އަސަރުކުރީއެވެ. އޭނާއަށް އާތިޤާ އުފާވާވަރުގެ ކަމެއް ކޮށްނުދެވުނަސް އަރުފީނު ފަދަ ކޮއްކޮއަކު ހުރީތީ މިއަދު އޭނާ ޝުކުރުވެރިވެއެވެ. ޢާއިލީ ގުޅުމުގައި ހެދިފައިވާ ބާގަނޑު މިރޭ އަރުފީނުގެ ސަބަބުން ބެދިއްޖެކަން ސޮފޫރާއަށް އިހުސާސްކުރެވުނެވެ.

“ކޮންއިރަކު ސޮފޫދައްތަ އިމޯޝަނަލް އެޕިސޮޑް ކުޅެންފެށީ” ހަޤީޤަތް ނޭނގި ހުރި އަރުފީނު ވެސް ކޮށްލީ ސަމާސާއެކެވެ.

“ކޮބާ ކޭކު ފަޅަންވީނު، އަރުފީނު އެހާ ގިނަ ދުވަސްކޮށްފައި ފެނުނީމާ އުފަލުންގޮސް ރޮވޭނެ ދޯ، ސޮފޫރާ، ދެން ހުއްޓާލާ، އާދޭ އަރުފީނާއެކު ކޭކުފަޅަން” ލުތުފީ ކުރިއަށް ޖެހިލާ ހުރިހާ ކަމެއް ހަމައަކަށް އަޅުވާލަން އުޅުނެވެ.

ދެ ލޯ ފުހެލަމުން ސޮފޫރާ ވެސް ހަމަޖެހިލިއެވެ. އަދި އަރުފީނުގެ ގައިގާ އައިސް ބައްދާލާފައި ކޭކުގެ ކައިރިއަށް އަރުފީނު ގޮވައިގެން އައެވެ. އަދި ސޮފޫރާގެ ހުންނަ ސަމާސާގޮތް ގެންނަން އޭނާ މަސައްކަތް ކުރިއެވެ.

“ޗޮކުލެޓް ކޭކު ކައިކައި ކަޅުވެފައި ހުރި އަރުފީނަށް މިފަހަރު ވެސް އެޅީ ޗޮކުލެޓް އައިސްކުރީމް ކޭކެއް، ބޮޑަށް ކަޅުކޮށްލަން” ސޮފޫރާ ބުނެލިއެވެ.

ކޭކު ފަޅާލުމާއެކު އެންމެ ފުރަތަމަ ކޭކުކޮޅު ދިއްކޮށްލީ ޙައިދަރެވެ. އެއަށްފަހު އާތިޤާއަށެވެ. އެހެންގޮސް އެތަނުގައި ތިބި އެންމެނަށް ކޭކުކޮޅެއް ލަވާދިނެވެ. އެކި ގޮތްގޮތަށް ފޮޓޯ ނެގުން ވެސް އޮތެވެ. ކުދީން މަޖަލުގައި އުޅޭތަން ބަލަން ހާމަފެންޑާގެ ރެއިލިންގ ކައިރި މަޑުކޮށްލައިގެން ޙައިދަރާއި ލުތުފީގެ އިތުރުން އާތިޤާ ހުއްޓެވެ.

* * * *

ޗުއްޓީގެ ދުވަސްތައް ލުތުފީމެން ގޭގައި ހޭދަކުރަމުން ދިޔަ އަރުފީނަށް ތަފާތުކަމެއް ފާހަގަކުރެވުނެވެ. ލުތުފީ އާތިޤާއާމެދު ޢަމަލުތައް ބަހައްޓާ ގާތްގޮތެވެ. އަދި އުނައިސް އަބަދުހެން ސޮފޫރާގެ ފަހަތުން އުޅޭކަމެވެ. އަރުފީނު ސޮފޫރާގެ ގާތުގައި އުނައިސްގެ ވާހަކަދެއްކިއެވެ. އެހެންނަމަވެސް ސޮފޫރާގެ ހިތުގައި އުނައިސްގެ މައްޗަށް ފުން އިހުސާސްތަކެއް ނުވެއެވެ. އޭގެ ބަދަލުގައި ސޮފޫރާގެ ހިތަށް ގޮތްތަކެއް ވާކަމުގައި އޭނާ އެއްބަސްވިއެވެ. މީހަކާ އިންނަން ބޭނުންވާ ވާހަކަ ވެސް ސޮފޫރާ ބުންޏެވެ. އަރުފީނު ސޮފޫރާގެ ވާހަކަތައް އަޑުއެހިއެވެ. އުނައިސްގެ ފަރާތުން ފެންނަނީ އޭނާއަށް ސޮފޫރާ ޚާއްޞަވެފައިވާ ކަމެކެވެ. އެހެންވިޔަސް ސޮފޫރާއަށް ޚާއްޞަވެފައިވަނީ އެހެން ޒުވާނެކެވެ. ކޮންމެ ދުވަހެއްގެ ބައްދަލުވުމާއެކު ދުނިޔެއާމެދު މުޅިން އައު ނަޒަރަކުން ބަލަން ދަސްކޮށްދިން ޒުވާނާއަށް ސޮފޫރާގެ ހިތްވަނީ ދެވިފައެވެ.

“ސޮފޫދައްތަ ލައިކްވަންޏާ ބުނަންވީނު ތިބުނީ ކޮންމެ ދުވަހަކު މީޓު ވެސް ވެޔޭ” އަރުފީނު ޚިޔާލު ދިނެވެ.

“އަރުފީއަށް އެއްވެސް އެއްޗެއް ނުވިސްނޭނެ، އެއީ ހީކުރާހާ ފަސޭހަކަމެއްނޫނޭ” އެނދުގައި އުއްޑުން އޮތް ސޮފޫރާ ބުންޏެވެ. އޭނާގެ ގާތުގައި ކުރުއަތްމައްޗަށް އަރުފީނު އޮތެވެ.

“އަހަރެން ލޯބިވާ މީހަކު ކައިރީ ލޯބިވެޔޭ ނުބުނެއެއް ނުހުންނާނަން، ބުނީމަތާ އެނގޭނީ، އޭނާ ފީލްވާގޮތެއް ވެސް އެނގޭނީ އޭރުން، އޯކޭ ފަހުން ހާޓްބްރޭކްވިޔަސް” ވަރަށް ހަމަޖެހިލާފައި އަރުފީނު ބުނެލިއެވެ.

“އަރުފީ…. ކޮއްކޮއަށް ލޯބިނުވެވޭތީ ތިހެން ތިބުނަނީ، ހާޓްބެރޭކްވުމަކީ ކެތްވާވަރުގެ ކަމެއްނޫން” ސޮފޫރާ ބުނެލިއެވެ.

“އޯކޭ…އޯކޭ… އަހަންނަށް ލޯބިވެވުނީމަ ސޮފޫދައްތަ ގާތު ބުނާނަން، އަދި އެބައޮތޭ ވާހަކައެއް، މިގޭ ބޭބެ ވަރަށް ތަފާތު ބޮޑުމަންމަ ފެނުނީމަ އުޅޭގޮތް، އަހަންނަށް ނޭނގޭ ކަމެއް އޮތީތަ؟” ވާހަކައިގެ ޒާތުން އަރުފީނުގެ އަޑު ތަންކޮޅެއް މަޑުވިއެވެ.

“ބޭބެ ބޭނުންވޭ ކަންނޭނގެ މަންމައާ ގުޅެން، އެކަމަކު މަންމަ ބޭނުންނުވަނީ ހެން ހީވަނީ، ނޭނގެ ތިކަމުގައި އެއްޗެއް ބުނާކަށް، ބައެއް ފަހަރު މަންމަ ވެސް ހީވޭ ބޭބެ ދެކެ ލައިކްވާހެން، ލުތުފީބެ އަސްލު ވަރަށް ރަނގަޅު، އަހަރެންގެ މައްސަލައެއްނެތް މަންމަ އަލުން ކައިވެންޏެއް ކުރިޔަސް، އަރުފީ ބުނަނީ ކީކޭ؟ މަންމަ އެކަނިވެރިވާނެކަން އަހަންނަށް މިހާރު ވިސްނޭ” ސޮފޫރާގެ ޚިޔާލު އޭނަ ހާމަކުރިއެވެ.

“ބޮޑުމަންމަ މެރީކުރަންށޭ…. އަހަންނަކަށް ނޭނގެ ތިކަމަށް ބުނާނެއެއްޗެއް، ބައްޕަ ދޯ ނިންމާނީ” އިރުކޮޅަކު ވިސްނަން އޮވެފައި އަރުފީނު ބުނެލިއެވެ.

“ޗުއްޓީ ވެސް ނިމުމަކަށް އައީއެއްނު، ދެން އެނބުރި ދާނީ ދޯ އެގެއަށް” ސޮފޫރާގެ ވާހަކަ އެހެން ދިމާލަކަށް އަނބުރާލިއެވެ.

“އާން! ސޮފޫދައްތަމެން ވެސް ރަށަކައްނު ދާނީ” އަރުފީނު ބުނެލިއެވެ. ޙައިދަރު، އަރުފީނަށް ހުރިހާ ވާހަކައެއް ކިޔައިނުދޭކަން ސޮފޫރާއަށް ވެސް އެނގެއެވެ. އެހެންވެ އޭނާ ވެސް ދިޔައީ ކަންކަން އަރުފީނަށް ސިއްރުކުރަމުންނެވެ.

ޗުއްޓީ ތެރޭގައި ރުހައިލު ހަމައެކަނި ވައިބަރއިން ވާހަކަދައްކާލައިގެން ނުފުދެއެވެ. އޭނާ ރޭގަނޑު ވަގުތެއް ހޯދާލައިގެން އަރުފީނަށް ގުޅަން ވެސް ގުޅައެވެ. އެ ވަގުތުތަކުގައި އެކިއެކި މަޖާ ވާހަކަ ރުހައިލު ދައްކައެވެ. އަރުފީނު ހުންނަނީ ހީނހީނ ވަރުބަލިވެފައެވެ. އެހެން ހުރެ ބައެއް ފަހަރު ޖެއްސުމުގެ އެއްޗެއް ވެސް ބުނެލާނެއެވެ. އެހެންވިޔަސް އަރުފީނަށް ރުހައިލުގެ ވާހަކަތަކުން މަޖާވެ ހިތްހަމަޖެހޭ ގޮތްވިއެވެ. ނަމަވެސް ރުހައިލު އޭނާގެ ގައިގާ ބައްދާލީ ކީއްވެތޯ އުފެދުނު ސުވާލު ހިތުގައި އޮތްގޮތަށް އޮތީއެވެ. އެވާހަކަ ދައްކަން ވެސް ނުކެރިފައެވެ. އެއީ ކޮންމާނައެއްގައި ރުހައިލު ކުރިކަމެއްކަން އެނގެން ބޭނުންވިޔަސް އަރުފީނު ލަދުގަންނަނީއެވެ. ފިލްމުތަކުން ފެންނަގޮތަށް ރަޙުމަތްތެރިން ދިގުމުއްދަތަކަށް ވަކިވާތީ ކޮށްލި ގާތް ސަލާމެއްބާއޭ ވެސް އަރުފީނުގެ ހިތަށް އަރައެވެ. އެކަމާ ސުވާލުކުރާތަނުން ރުހައިލުގެ ހިތަށް އެއްޗެއް އަރާފާނެތީ އެކަމާ ވެސް އަރުފީނު ކަންބޮޑުވެއެވެ.

އެނދުގައި އޮތް އަރުފީނު ފުންމައިގެން ތެދުވިއެވެ. އޭރު ރޭގައި ފޮށްޓަށް އެއްޗެހި އަޅަން ފެށިގޮތަށް އެކަން ނުނިމިހުއްޓެވެ. އޭނާއަށް ނިދުނީ ރުހައިލުއާ ވާހަކަދައްކަން އެނދުގައި އޮށޯވެލައިގެން އޮއްވައެވެ. ނިދިއައިސްގެން ބުނީމާ ވެސް ރުހައިލު ފޯނު ބާއްވަން ޤަބޫލުނުވީއެވެ. އަރުފީނު ދައްކާނެ ވާހަކައެއް ނުހުރެއެވެ. އެހެންވިޔަސް ރުހައިލު އަނގަހުއްޓާނުލައެވެ. އެހެންވެ ނިދުނީ ކޮންއިރަކު ކަމެއް ވެސް އަރުފީނަކަށް ނޭނގެއެވެ.

“ދާން ބޭނުންނުވެގެން ދޯ ފޮށްޓަށް އެއްޗެހި ނާޅާ މިހިރީ؟ ރޭގަ ކާކުތަ ގުޅީ، ހާދަ ދިގު ކޯލެކޭ، އަހަންނަށް ވެސް ނިދުނީ އަރުފީނު ފޯނު ނުބާއްވައިގެން” ކޮފީ މަގެއް ހިފާލައިގެން ހުރެ އައިސް ކޮޓަރިއަށް ވަން ސޮފޫރާއަށް އަރުފީނު ހޭލާ އުޅޭތަން ފެނުމުން ބުނެލިއެވެ.

“އެއީ ކުލާސް ކުއްޖެއް” އަރުފީނަށް ރުހައިލުގެ ނަން ސިއްރުކުރެވެނީ ބޭއިޚްތިޔާރުގައި ކަހަލައެވެ.

“މިރޭ އެގެއަށް ބަދަލުވާނެ ދޯ، ދެން ވަރަށް މިސްވާނެ” ސޮފޫރާ އައިސް އަރުފީނުގެ އެނދުގައި އިށީންނަމުން ބުނެލިއެވެ.

* * * *

ފޯނު ހިފައިގެން ގޯތިތެރޭ އޮތް ވިނަގަޑުގައި ބަހައްޓާފައި ހުރި މޭޒެއްގެ ދޮށުގައި ރުހައިލު އިނެވެ. ދޭތެރެއަކުން އޭނާގެ ނަޒަރު ގޭގެ ގޭޓަށް ހުއްޓެވެ. ފޯނާ ކުޅޭ ކަމަށް ހެދިގެން އޭނާ އިނީ ނަމެއްގައެވެ. އެތަނުގައި އިންދާ ފަޒަލް ނިކުމެގެން އައިސް އޭނާގެ ގާތުގައި މަޑުކޮށްލިއެވެ. އަދި ހަމަ އެވަގުތު މަލީކު ވެސް ބޭރަށް ދިއުމަށް ޕޯޓިކޯއިން ނިކުތެވެ.

“ދެ ކުދިން ކީއްކުރަނީ” މަލީކު އަހާލިއެވެ. އިރުއޮއްސި ހަތެއްޖަހާލާކަން ހާއިރު އާންމުކޮށް ރުހައިލު އާއި ފަޒަލް ގޯތިތެރޭގައި ނުތިބޭތީ މަލީކު ވެސް އަހާލިއެވެ. ހަމައަހާލަންވާއިރަށް ރުހައިލު ޖަވާބު ދިނެވެ.

“ކަމެއްނުކުރަން، މިތާ މަޑުކޮށްލައިގެން ތިބީ” ރުހައިލު ބުންޏެވެ. އޭނާގެ މޫނުމަތިން ކޮންމެވެސް ވަރެއްގެ ހާސްކަން ފާޅުވެގެންދިޔައެވެ. އެހެންނަމަވެސް އެ ހާސްކަން ކާރުގައި ގޭޓުން ނިކުމެގެން ދިޔަ މަލީކާއެކު ފިލައްޖެއެވެ.

“މިލާން ނުގުޅާތަ؟” ރުހައިލު އަހާލިއެވެ. ހީވަނީ ފަޒަލް އޭނާގެ ގާތުގައި ހުރުމުން ފޮނުވާލަން ބޭނުންވެގެން އުޅޭހެންނެވެ.

“މިގަޑީގަ ނުގުޅާނެއެއްނު، ރުހައިލު، އަހަރެން މިއުޅެނީ ބައްޕަ ގާތު ބުނަންކަމަށް މިލާންގެ ވާހަކަ، އަހަރެން މިލާންއާ ވަރަާށ ސީރިއަސް، އެހެންވެ” ފަޒަލް އިށީންނަމުން ބުނެލިއެވެ.

“އަންކަލް އަބަދުވެސް ކޫލްވާނެ، އެކަމަކު ގޮތް ނިންމާނީ ނާޒްއާންޓީ” ރުހައިލު ފާޑަކަށް ހީނލަމުން ބުނެލިއެވެ.

“ބައްޕަ އޯކޭވެއްޖެއްޔާ މަންމަ ވެސް އޯކޭވާނެ” ފަޒަލް ބުންޏެވެ. އެހިނދު ގޭޓު ހުޅުވާލާފައި ފޮށި ދަމަމުން އެތެރެއަށް އަންނަ އަރުފީނު ފެނުމުން ރުހައިލަށް އިންތަނުން ތެދުވެވުނެވެ. އެ ތުންފަތުގައިވާ ހިނިތުންވުން ފަޒަލްއަށް ވަގުތުން ނަގައިގަނެވުނެވެ. ހައިރާންވެފައި އެއްފަހަރު ރުހައިލަށް އަނެއްފަހަރު އަރުފީނަށް އޭނާއަށް ބަލާލެވުނެވެ. އަމިއްލަ ބާރުން ވީއްލިފައި ހުރެގެން ކަހަލަ ގޮތަކަށް އަރުފީނާ ދިމާއަށް ހިނިތުންވެލައިގެން ހުރެ ރުހައިލު ދިޔައެވެ. އޭރު ވެސް ފަޒަލް ހުއްޓުން އަރާފައި ހުރިގޮތަށް ހުރީއެވެ. އޭނާއަށް ހީވާ ހީވުން ޤަބޫލުނުކުރެވިފައެވެ.

“އައި މިސްޑް ޔޫ….” ދެ ޖީބަށް އަތްޖަހާލައިގެން ހުރެ އަރުފީނާ އަރާ ހަމަކުރަމުން އޭނާއާ ދިމާއަށް ބޯއަރިކޮށްލާފައި ސިއްރުން ރުހައިލު ބުނެލިއެވެ. އަރުފީނަށް ބުނާނެ އެއްޗެއް ނޭނގުނެވެ. ކުޑަކުޑަކޮށް ރުހައިލަށް ބަލާލާފައި ހިނިތުންވެލީއެވެ.

ގޭތެރެއަށް ވަދެގެން އައި އަރުފީނު އޭނާގެ ކޮޓަރިއާ ހަމައަށް ދަންދެން އޭނާއާއެކު ރުހައިލު އައެވެ. ވާހަކައެއް ނުދެއްކިއެއްކަމަކު އަރުފީނު، ރުހައިލަށް ބަލާލާ ކޮންމެ ފަހަރަކު އެ ދެމެދުގައި ހިނިތުންވުމެއް ބަދަލުކޮށްލެވެއެވެ. ކޮޓަރީގެ ދޮރު ހުޅުވާލާފައި ފޮށި އެތެރެއަށް ވައްދަން އުޅުނު ވަގުތު ރުހައިލު ކުރިއަށް ޖެހިލަމުން އަރުފިނުގެ ފޮށީގެ އަތްގަނޑުގައި ހިފާލީ އެ ވެއްދުމަށް އެހީތެރިވުމުގެ ގޮތުންނެވެ. އެހިނދު އަރުފީނަށް ހައިރާންވެފައި ރުހައިލަށް ބަލަންހުރެވުނީ އޭނާގެ އަތްތިލައާއެކު ރުހައިލު ފޮށީގެ އަތްގަނޑުގައި ހިފާލައިގެން ހުރުމުންނެވެ. ދެ ޒުވާނުންގެ ހަތަރުކަޅި ބައްދަލުވެފައި ހުރިއިރު އަރުފީނު ހީވަނީ ނޭވާހިފަހައްޓައިލައިގެން ހުރިހެންނެވެ. މީގެ ކުރިން އަރުފީނަށް ލިބިފައިވާ ބޮޑު ދެ ލޯ އައިބުކަމަށް ދުށް ރުހައިލު، ކަޅިވެސް ޖަހާނުލާ ބަލަން ހުރީ އާޝޯހުވެފައި ހުރި މީހަކު ފަދައިންނެވެ. އެހެންޏާ ނުފެންނަ ވިދުމެއް އެ ދެ ލޮލުގައި ވާކަހަލައެވެ. މަޑުމަޑުން ދިގު އެސްފިޔަތައް ތިރިކޮށްލަމުން އަރުފީނުގެ ނަޒަރު ތިރިކޮށްލީ އޭނާގެ ހިތްތޮރުފަމުންދާ ކަހަލަ ފުން އިހުސާސެއް ކުރެވިގެންނެވެ. ދޮރުގެ ދެފަރާތުގައި ދެމީހުން ތިބިއިރު އަރުފީނުގެ އަތްތިލައިގައި ހިފަހައްޓާލައިގެން ހުރެ ރުހައިލު މަޑުމަޑުން ކުރިއަށް ޖެހިލިއެވެ. އެއާއެކު އަރުފީނު ފަހަތަށް ޖެހިލަން މަސައްކަތްކުރިއެވެ. ނަމަވެސް ދަރުކަނީގައި ޖެހިފައި ހުރުމުން ފަހަތަށް ދެވޭގޮތެއްނުވިއެވެ. ހާސްވެފައި ހުރި ކަހަލަ ގޮތަކަށް އިސްޖެހިފައިވާ މޫނު އެއްފަރާތަށް އަނބުރާލިއެވެ. ބައެއްފަހަރު އޭނާގެ މޫނަށް ރުހައިލުގެ ނޭވާ އެޅެމުންދާ ކަމުގައި އިހުސާސް ކުރެވެހޭން ވެސް އަރުފީނަށް ހީވެއެވެ. ދެ ޒުވާނުންނަށް ކުއްލި ސިހުމެއް ލިބިގެން ދިޔައީ ފަހަތުން ޝާރުދާގެ އަޑުއިވުމުންނެވެ. ކޮޓަރިން ނިކުމެގެން އައި ޝާރުދާއަށް ރުހައިލުގެ ހަށިގަނޑާ ނިވާވެފައި ހުރި އަރުފީނެއް ނުފެނެއެވެ. އޭނާ އައިސް ކޮޓަރިއަށް ހަމަކުރިއިރު ރުހައިލު، އަރުފީނުގެ ފޮށި އެތެރެއަށް ވައްދަނީއެވެ. އަރުފީނު ހުރީ ކޮޓަރި ތެރެއަށް ވަދެއެވެ.

“ކޮންއިރަކު އައީ؟ ކޮބާ ފާރޫޤޫ؟” އަރުފީނުގެ ފޮށި ކޮޓަރިއަށް ވެއްދުމުގައި ރުހައިލު އުޅޭތަން ފެނުމުން ޝާރުދާ ސުވާލުކޮށްލީއެވެ.

“ހީވަނީ ނަމާދަށްހެން ދިޔައީ” ފާރޫޤު ކޮބާތޯ ހޯދަން މަސައްކަތެއް ނުކުރިއެއް ކަމަކު ޝާރުދާގެ ސުވާލުތަކުން ސަލާމަތްވުމަށް ރުހައިލު ބުނެލިއެވެ.

“ރުހައިލު ގާތު ވެސް މަންމަ ބުނީމެއްނު ނަމާދަށް ދާން، ނަމާދުކޮށްގެންތަ އައިސް ތިއުޅެނީ، ކޮބާ ފަޒަލް، ގެއަށް ދިޔައީތަ؟” ޝާރުދާ އަނެއްކާ ވެސް ސުވާލުކުރިއެވެ.

“ފަޒަލް އެބަހުރި ތިރީގަ، އަރުފީނު އެކަނިވީމަ މި ފޮށި ވައްދާލަ ދިނީ، ދެންދަނީ މަންމާ…” އަވަސްއަރުވާލަފައި ރުހައިލު އެ ކޮޓަރިން ނިކުމެގެން ދިޔައެވެ.

“ނަމާދުކުރާ ވާހަކަދައްކާއިރަށް އަވަހަށް ނިކުމެގެންދާނެ” އަރުފީނާ ދިމާއަށް އެނބުރިލަމުން ޝާރުދާ ބުނެލިއެވެ. އޭނާ ޝާރުދާ އެހެންބުނުމުން ކުޑަކޮށް ހިނިތުންވެލިއެވެ.

“ޗުއްޓީ ކިހިނެއްތަ؟ އެހެން މި އަހާލެވުނީ މާފަހުން ދޯ، ކޮބާ ބައްޕަ؟ ގެއަށް ނުވައްދަންތަ؟” ޝާރުދާ އަހާލިއެވެ.

“ދެ ނަމާދު ދޭތެރެވީމަ އަޅުގަނޑު ގެނެސް ލާފައި ބައްޕަ ހިނގައްޖެ، ފަހުން އަންނާނެ ވާހަކަ ބުނުއްވި” އަރުފީނު މިހެން ބުނެލުމުން ޝާރުދާ ހިނިތުންވެލިއެވެ. އަދި ހަމަޖެހިލައިގެން ކާކޮޓަރިއަށް އައުމަށް ބުނެފައި އޭނާ ހިނގައްޖެއެވެ.

ކޮޓަރީގެ ދޮރުލައްޕާފައި އައިސް އަރުފީނަށް އެނދުގައި އިށީނދެވުނެވެ. އޭނާގެ ސިކުނޑީގައި ދާދިކުޑަ ހިނދުކޮޅެއް ކުރިން ހިނގާދިޔަ ކަންކަން އެނބުރެންފެށި ކަހަލައެވެ. ދެ އަތުން ބޮލުގައި ހިފަހައްޓާލާފައި ދެ ފަރާތަށް ބޯ ހޫރާލިއެވެ. އެހެންނަމަވެސް އޭނާގެ ސިކުނޑިން ރުހައިލުގެ ސިފަ ނެރެ އެއްލައެއްނުލެވުނެވެ.

“ވަޓް އަރ ޔޫ ޑުއިން….” މަޑުމަޑުން އަރުފީނަށް ސުވާލުކޮށްލެވުނެވެ. ރުހައިލު އޭނާއަށް ދޭން ބޭނުންވަނީ ކޮން މެސެޖެއްކަމެއް ދެނެގަންނަން އަރުފީނު ޖެހިލުންވަނީއެވެ. ރުހައިލު ފެނުމުން ޚުދު އޭނާގެ ހިތަށް ވެސް ތަފާތު ގޮތްތަކެއްވެއެވެ. ހަމައެއާއެކު އޭނާގެ ހިތުގައި އުފެދެން ފަށަފައިވާ އައު އިހުސާސްތައް ދެކެ ބިރު ވެސް ގަނެވެ. ހާސްވެ ޖެހިލުންވަނީ އެހެންވެއެވެ. ބައެއްފަހަރު އަމިއްލަ ސިކުނޑި އޭނާގެ ޟަމީރަށް ވިސްނާދޭން ބޭނުންވަނީ ރުހައިލަކީ ހުރިހާ ގޮތަކުން ބެލި ނަމަވެސް އަރުފީނަށްވުރެ އެތައް ގޮތަކުން ފުރިހަމަ ޒުވާނެއްކަމެވެ. ކުރެވޭ އިހުސާސްތައް އޮބިނޯންނަ ހިސާބަށް ދާކަށް އަރުފީނު ބޭނުމެއްނޫނެވެ. އެކަމަކު ރުހައިލު މަސައްކަތް އެކުރަނީ އަރުފީނުގެ ހިތުގައި ނިދާފައި އޮތް އިހުސާސްތަކެއް ހޭލައްވާލުމަށެވެ. އޭނާގެ ހަރަކާތްތަކުގައި ކުރިން ނުހުންނަ އޯގާތެރިކަމަކާ ލޯބިވެތި ގޮތެއް ހުރިކަން ދެނެގަންނާކަށް އަރުފީނަށް އުނދަގުލެއްނޫނެވެ. ކުރެވެމުން ދިޔަ ޚިޔާލުތަކުން ނިކުތުމަށްޓަކައި އަރުފީނު ތެދުވެގެން އައިސް ފާޚާނާއަށް ވަދެ މޫނު ދޮވެލިއެވެ. ފުންނޭވައެއް އަނގައިން ބޭރުކޮށްލުމާއެކު ފާޚާނާއިން ނިކުމެ މޫނު ފޮހެލާފައި ފޮށި ހިފައިގެން އަލަމާރި ކައިރިއަށް އައިސް އޭގައި ހުރި އެއްޗެހި ނަގަން ފެށިއެވެ.

ލިފްޓުން ނިކުމެގެން ބޮޑުކޮޓަރިތެރެއަށް އައި ރުހައިލަށް ފުރަގަސްދީގެން ހުރި ފަޒަލް ފެނުނެވެ. އެއްއަތް ޖީބަށް ޖަހާލައިގެން ހުރިއިރު އަނެއްއަތުން ކަނދުރާގައި ފިރުމަމުން އެނާ ދެއެވެ. ރުހައިލު ގޮވާލުމާއެކު އެނބުރުނު ފަޒަލް ހަލުވިކޮށް އައިސް ރުހައިލުގެ އަތުގައި ހިފާ ދަމަމުން ކަހަލަ ގޮތަކަށް ގޯތިތެރެއަށް ނިކުތެވެ. އަދި ސިއްރުގޮތަކަށް ވަށައިގެން ހޯދާލުމާއެކު ރުހައިލުގެ ބޮލުގައި އިނގިލިޖައްސާ ކޮށްޕާލިއެވެ.

“މިހާރު ކިހިނެއްވީ؟” ނިތްކުރީގެ އެއްފަރާތުން ފިރުމާލަމުން ރުހައިލު އަހާލިއެވެ.

“ކިހިނެއްހޭ ވީ، ތި ޖައްސާ ގޭމް ހުއްޓާލާ، އިޓްސް ނޮޓް ފަނީ އިނގޭ ރުހައިލު، ފިރިހެނުން ދެކެ އަންހެން ކުދިން ފޫހިވަނީ ވެސް އެހެންވެ، އަންހެންކުދިންގެ ހިތާ ކުޅެންވާނީ އެމީހުންނާއެކު އުޅެން ބޭނުންވާނަމަ، އެއީ މީހުން މަޖަލަށް ކުރާކަމެއް ނޫން، އެންމެ ނިކަމެތި ކުއްޖާގެ ހިތަކީ ވެސް އެހެން މީހުންނަށް ލިބިފައިވާ ފަދަ ހިތެއް، އިހުސާސްވުމާއި އަސަރުކުރުން އެ ހިތަށް ވެސް ލިބިގެންވާނެ” ފަޒަލް ހުރީ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައެވެ.

“ބްރޯ… އަހަންނަށް ހަމަ އެއްގޮތަކަށް ވެސް ނޭނގެ ތިކިޔަނީ ކީކޭކަމެއް، މިލާން ގުޅީތަ؟ އޭނާއަށް ކަމެއްވީތަ؟” ރުހައިލު ފަރުވާކުޑަ ގޮތަކަށް ވާހަކަދައްކަން ފެށިއެވެ.

“އޯ ޕްލީޒް! ނޭނގޭކަމަށް ހެދޭނެ ކަމެއްނެތް، އަރުފީނާއެކު ތިކުޅޭ ގޭމް ހުއްޓާލާށޭ މިބުނަނީ، އެ އަންހެންކުއްޖާއަށް ތިވަރު ތިކުރަނީ އޭނާ ރުހައިލަށް ކޮންކަމެއްކޮށްގެން، މިގޭގައި އޭނާ އެހުންނަނީ މަލީކު އަންކަލްގެ ހުއްދަލިބިގެން، ޝާރުދާ އާންޓީ ބޭނުންވެގެން، އޭނާ މިގޭ އެކަކަށް ވެސް އުނދަގުލެއް ނުކުރޭ، އަހަރެން އަރުފީނާ އަބަދު ވާހަކަނުދެއްކިޔަސް އެއަންހެންކުއްޖާއަކީ ވަރަށް ރަނގަޅު ކުއްޖެއްކަން އަހަންނަށް އެނގޭ، އޭނާ މީހުންނަށް އުނދަގުލެއްނުކުރޭ، އޭނާގެ އެންމެ ބޮޑު ބޭނުމަކީ މޮޅަށް ކިޔެވުން، އެ އުންމީދު ވެސް ރުހައިލު ތިއުޅެނީ ފުނޑުފުނޑުކޮށްލަން ދޯ، ދެޓްސް ޓޫ މަޗް އިނގޭ، ސްޓޯރޫމްގައި އޭނާ ބަންދުކުރުމުން ލިބުނު އަނިޔާއިން ރުހައިލުގެ ހިތެއް ނުފުރޭތަ، އައި ސްވެއަރ މޭން، އަރުފީނަށް ދެރަގޮތެއް ހަދައިފިއްޔާ އަހަރެން ރުހައިލާ ގުޅުމެއް ނުބާއްވާނަން، ކުޑައިރުއްސުރެ އެކުގައި އުޅެ ބޮޑުވިއިރު އަހަރެން ހީކުރީ އަހަންނަށް އެނގޭ ވަރަށް އެހެން އެކަކަށް ވެސް ރުހައިލެއް ނޭނގޭނެކަމަށް، އެކަމަކު މިއަދު އަހަންނަށް މިފެންނަނީ ދުވަހަކު ވެސް ނުފެންނަ މަންޒަރުތަކެއް، އަންހެންކުއްޖެއްދެކެ ތިހާ ރުޅި އަންނާކަށް ނުވާނެ” ފަޒަލްގެ އަޑުގައި ހުރި ނުރުހުމުގެ އަސަރު ރުހައިލު ހިމޭން ކުރުވިއެވެ.

“އައި ޑޯންޓް ވޯންޓު ހާޓް ހަރ… އެނީމޯ…” ފަޒަލްއާ ދެތިން ފިޔަވަޅު ދުރަށް ޖެހިލަމުން ރުހައިލު އޭނާއަށް ފުރަގަސްދީ ލައިގެން ހުރި ޖީންސުގެ ފަހަތު ޖީބަށް ދެ އަތްޖަހާލަމުން މަޑުމަޑުން ބުނެލިއެވެ.

“ޔޫ ބެޓާ ނޮޓް…” ފަޒަލް އައިސް ރުހައިލުގެ ކޮނޑުގައި އެއްއަތުން ޖަހާލިއެވެ. އަދި ޕޯޓިކޯއާ ދިމާއަށް ހިނގައިގަތެވެ. އެ ދިމާއަށް ބަލަން ރުހައިލު އިރުކޮޅަކު ހުއްޓެވެ.

“ފަޒަލް، އައި ޑޯންޓް ވޯންޓު ހާޓް ހަރ ކޯޒް ނައު ޝީޒް ނޮޓް އެނީ ގާލް، ޝީޒް މޯ ދެން ދެޓް…” ގޭތެރެއަށް ވަން ފަޒަލްއަށް ބަލަންހުރެ ރުހައިލު ބުނެލިއެވެ. އެ މޫނު މަތިން މާޔޫސްކަން ފެންނަމުން ދިޔައެވެ. މަޑު ހިނގުމުގައި އައިސް ބަގީޗާގައި ހުރި މޭޒު ދޮށުގައި އިށީނދެ މޭޒުމަތީ ބާއްވާލި ދެއަތްމަތީ ގުދުވެލަމުން ނިތްކުރި ޖައްސާލައިގެން ފުން ވިސްނުމަކަށް ގެއްލިފައި ރުހައިލު އިނެވެ.

* * * *

ބެލްކަންޏަށް ނިކުމެން ހުރި ދޮރުލައްޕާލަމުން ޝުއައިބު ފޯނުން ވާހަކަދައްކަން ފެށިއެވެ. އިނގިރޭސި ބަހުން ވާހަކަދައްކަމުން ދިޔައިރު އޭނާ ދޭތެރެއަކުން ބެލްކަނީގެ ބިއްލޫރުދޮރުން އެތެރެއަށް ނަޒަރު ހިންގާލައެވެ. އެތަނަށް މީހަކު އައިސްދާނޭތީ ހާސްވެފައި ހުރި މީހަކު ހެންނެވެ. އެހެންނަމަވެސް ފޯނުން ވާހަކަދައްކަމުން ދިޔަ ޝުއައިބުގެ މޫނުމަތީގައިވި ހާސްކަން ފިލާ ދިއުމަށް ނެގީ ކުޑަކުޑަ ހިނދުކޮޅެކެވެ. ހިނިތުންވެލުމާއެކު އޭނާ ހީނގަތެވެ. އަދި ކުޑަކުއްޖަކާ ވާހަކަދައްކާ ފަދަ ޅަގޮތަކަށް އިނގިރޭސި ބަހުން ވާހަކަދައްކަމުން ދިޔައެވެ. އާންމުކޮށް ހީނ ނޫޅޭ ޝުއައިބުގެ ޠަބީޢަތް މުޅިން ބަދަލުވެފައި ހުރި ކަހަލައެވެ. އެވަގުތު އޭނާ ފެނުނު މީހަކަށް އެއީ އެ މީހުން ދަންނަ ޝުއައިބޭ ނުބުނާނެއެވެ. އަޑުގައި ތަފާތުގޮތެއް ހުއްޓެވެ. ފޯނުގެ އަނެއްކޮޅުން ވާހަކަދައްކަނީ ޔަޤީނުން ވެސް ވަރަށް ޚާއްޞަ މީހަކުކަން އެނގެއެވެ.

“ޝުއައިބު… ޝުއައިބު…” ބެލްކަންޏަށް ނިކުމެވެން ހުރި ދޮރުގައި ލެނގިލައިގެން ހުރި ޝުއައިބަށް މެހެނާޒުގެ އަޑުއިވުނެވެ. އޭނާ އަވަސްއަރުވާލާފައި ފޯނުކޯލު ނިންމާލިއެވެ. ފޯނު ޖީބަށް ލަމުން އޭނާ އެތެރެއަށް ވަނެވެ.

“ކާކު ގުޅީ؟” ޝުއައިބު އޭނާގެ ކަންފަތާ ފޯނު ދުރުކޮށްލާފައި އެތެރެއަށް ވަން ތަން މެހެނާޒަށް ފެނުމުން ސުވާލުކޮށްލިއެވެ.

“ރުހައިލުގެ ސަޕްރައިޒުގެ ކަންތަކުގައި އެ ގުޅީ، ކޮބާ ކާންތައްޔާރުވީތަ؟ ފަޒަލްއަށް ގުޅާފައި ބުނެފިންތަ ގެއަށް އައުމަށް” މެހެނާޒުގެ ވިސްނުން އެހެން ދިމާލަކަށް އަނބުރާލަން ބޭނުންވެ ހުރެ ޝުއައިބު ބުނެލިއެވެ.

“ކާން ގޮވަން މިއައީ، ފަޒަލް ވެސް އަތުވެއްޖެ، ރުހައިލު ގޮވައިގެން އަންނައްޗޭ ބުނިން އެކަމަކު އޭނާއެއް ނެތް، އަހަރެން ސުވާލުކުރިޔަސް ފަޒަލް ބުނަން ބޭނުންނުވާ އެއްޗެއް އަހަރެން ގާތު ނުބުނާނެ، އަހަރެން މީ މަންމައެއްކަމަކު ފަޒަލްއަށް އަހަރެން މުހިންމެއްނުވާނެ ޝުއައިބަށްވުރެން، ކަމެއްވިޔަސް ދުވެފައި އަންނާނީ ޝުއައިބުގެ ގާތަށް” މެހެނާޒު ކުޑަކޮށް ޝަކުވާކޮށްލިއެވެ.

“ފިރިހެންދަރިއެއް އެހެން އުޅުމަކުން އެއީ މައްސަލައެއްނޫނެއްނު، މަންމައަށްވުރެ ބައްޕައާ ކަންކަން ޚިއްޞާކުރަން ފަސޭހަވާތީ ކަންނޭނގެ ފަޒަލް އެހެން އެ އުޅެނީ، އެކަމަކު އެއީ އޭނާ ނާޒްދެކެ ލޯބިނުވާތީއެއްނޫން، އެކަމާ އަހަރެން އެއްބަހެއްނުވާނަން” ޝުއައިބު މިހެންބުނެ މެހެނާޒު ގެނެސް ގަޔާ ކައިރިކޮށްލިއެވެ.

“ފަޒަލްގެ އުފަންދުވަސް ވެސް އަހަރެން ބޭނުން ވަރަށް ބޮޑުކޮށް ފާހަގަކުރަން” ހިތްހަމަޖެހިފައި ހުރި ގޮތަކަށް ޝުއައިބަށް ބަލާލަމުން މެހެނާޒު ބުންޏެވެ.

ދެމަފިރިން އެކުގައި އައިސް ކާކޮޓަރިއަށް ވަންއިރު ގޮނޑީގެ ލެނގޭބައިގައި ކަނދުރާ އަޅުވާލައިގެން މައްޗަށް ބަލަން ފަޒަލް އިނެވެ. ރުހައިލު ފެންނަން ނެތުމުން ކޮންމެވެސް ކަމެއް ވެއްޖެކަން ޝުއައިބަށް ނަގައިގަނެވުނެވެ. އެހެންނަމަވެސް އޭނާ ބޭނުންވީ ފުރަތަމަ ކެއުމަށް އިންސާފުކުރާށެވެ.

* * * *

ޝާރުދާގެ ކުރިމައްޗަށް މޭޒުގެ އަނެއްފަރާތުގައި ރުހައިލު އިނެވެ. އޭރު އަރުފީނު އިނީ ޝާރުދާއާ ޖެހިގެން ވައަތް ފަރާތުގައެވެ. ރުހައިލު އާއި އަރުފީނުގެ މެދުގައި ސިއްރު ބެލުންތަކެއް ބަދަލުކުރެވެމުން ދިޔައިރު ދެ މީހުން ވެސް ތިބީ ހިމޭންވެފައެވެ. މޭޒު ދޮށުގައި އެކިއެކި ވާހަކަތައް ދެއްކީ ޝާރުދާއެވެ. ރުހައިލުގެ ކިޔެވުމަށްފަހު ކުރަން ގަސްދުކުރާ މަސައްކަތަކާ މެދު އޭނާ ސުވާލުކޮށް ހެދިއެވެ. ނަމަވެސް ރުހައިލުގެ ފަރާތުން މާ އެދެވޭ ވާހަކަތަކެއް އަޑެއް ނީވުނެވެ. އަރުފީނުގެ ކިޔެވުމާ ބެހޭގޮތުން ވެސް ޝާރުދާ ސުވާލުކުރިއެވެ. މިހާރު ހަދަމުން ދާ ކޯސް ނިމުމުން ކުރިއަށް ވިސްނާފައި އޮތީ ކިހިނެއްތޯ އެހިއެވެ. އަރުފީނު އިތުރަށް ކިޔަވަން ބޭނުންވާކަން ހާމަކުރިއެވެ. އެންމެންނަށްވުރެ ކުރިން ރުހައިލު ކައި ނިންމާލައިގެން އެ ތަނުން ދިޔައެވެ. ޝާރުދާއަށް އޭނާގެ ދަރިފުޅަށް ބަދަލުތަކެއް އަންނަހެން ފާހަގަކުރެވެއެވެ. ޚާއްޞަކޮށް އަރުފީނު ހުންނަ ތަންތަނުގައި ރުހައިލުގެ އުޅުމަށް ބަދަލުތަކެއް އަންނަކަމެވެ. ޝާރުދާއަށް ހީވެފައި އޮތީ ރުހައިލު އަދިވެސް އަރުފީނަށް ކުރެވުނު ކަންތަކާ ވިސްނަނީ ކަމުގައެވެ. އަރުފީނާ، ރުހައިލު ގުޅޭތަން ފެންނާތީ ޝާރުދާގެ ހިތަށް ފިނިކަމެއް ލިބުނެވެ. އެ ދެ ޒުވާނުންގެ މެދުގައި އެކުވެރިކަން އޮތުން އެއީ ޝާރުދާ ވެސް ބޭނުންވާ ގޮތެވެ. ގޭތެރޭގެ ހަމަޖެހުން ދެމިއޮންނާނީ އެ ދެ ޒުވާނުންގެ މެދުގައި އެކުވެރިކަން އޮވެގެން ކަމުގައި ޝާރުދާ ޤަބޫލުކުރެއެވެ. ޚާއްޞަކޮށް މިހާރު މަލީކުގެ ސަމާލުކަމަށް ރުހައިލުގެ ޢަމަލުތައް އައުމުންނެވެ. މަލީކު ވަނީ އަރުފީނު ފެންނަ ހިސާބުގައި ރުހައިލު އުޅުމަށް ވެސް ނުރުހިފައެވެ. ކައިވެންޏާ ދިމާލަށް ވިސްނުން ގެންދިޔައީ ޒުވާން ދަރިފުޅުގެ ފަރާތުން ހިތްހަމަނުޖެހޭ ކަމެއް ފެނިދާނޭތީވެ އެ ފަދަ ކަމަކުން ރުހައިލު ދުރުކުރުވުމުގެ ގަސްދުގައެވެ.

“ދައްތަ އޮންނާނެ އަރުފީނަށް އުފަންދުވަހުގެ ހަދިޔާއެއް ހޯދާފަ، މާފަހުންވިއްޔާ އެނގުނީ، އެހެންވެ ހިތަށް އެރީ އަރުފީނު ޗުއްޓީގޮސްފައި އައީމައޭ ދޭނީ” ކައިނިމިގެން ތެދުވި ޝާރުދާ ބުނެލިއެވެ.

އަރުފީނު ބޮޑުކޮޓަރިއަށް ނިކުތީ ޝާރުދާއާ އެކުއެކީއެވެ. އަރުފީނު ގާތު ސޯފާގައި މަޑުކުރުމަށް ބުނަމުން ޝާރުދާ ދިޔައީ އޭނާގެ ކޮޓަރިއަށެވެ. ގިނައިރެއް ނުވެ އެނބުރި އައީ ހިމަ ދިގު ފޮށްޓެއް ހިފައިގެންނެވެ. ކަޅުކުލައިގެ އެ ފޮށި އަރުފީނަށް ދިއްކޮށްލަމުން ޝާރުދާ ސޯފާގައި އިށީނެވެ.

“ވަރަށް ރީތި، އެކަމަކު…. މިހާ އަގުބޮޑު ހަދިޔާއެއް….” ފޮށީގައި އޮތް ރަން ކެވެލިކޮޅު ފެނިފައި އަރުފީނަށް ބުނެވުނެވެ.

“އަރުފީނު، އަގުބޮޑަސް، އަގުހެވަސް، ހަދިޔާ ވާނީ ހަދިޔާއަށް، ޤަބޫލުކުރަންވާނީ ހެޔޮ ހިތުން، ޝަކުވާކުރުމެއްނެތި، މީހަކު އަނެކާއަށް ހަދިޔާއެއް ނުދޭނެ ދޭން ބޭނުންނުވެ ހުރެއެއް، އެހެންވީމަ އަނެކާގެ އިހުސާސްތަކަށް އިހުތިރާމު ކުރާނަމަ އެއްވެސް ޝަކުވާއެއްނެތި ހަދިޔާ ޤަބޫލުކުރާނެ، އަދި ޝުކުރުވެސް އަދާކުރާނެ” ހިނިތުންވެލައިގެން އިނދެ ޝަރުދާ ބުނެލިއެވެ. އަދި އަރުފީނުގެ ކުރިމަތީ އިން ސޯފާއިން ތެދުވެގެން އައިސް އަރުފީނުގެ ގާތުގައި އިށީނެވެ. ކަޅުފޮށީގައި އޮތް ކެވެލިކޮޅު ނަގައި އަރުފީނުގެ ކަނާތުގައި އަޅުވާލަދިނެވެ.

“ވަރަށް ބޮޑަށް ޝުކުރިއްޔާ، ވަރަށް ރީތި” އައު ކުޅޭ އެއްޗެއް ލިބުމުން ކުޑަކުއްޖަކު އުފާވާފަދައިން އަރުފީނު ވެސް އިނީ ހެވިފައި ކެވެލިކޮޅަށް ގެއްލިފައެވެ. މަޑުމަޑުން އަތުގައި އޮތް ކެވެލިކޮޅުގައި އިނގިލި ހާކާލަހާކާލައެވެ. ރީތިކަމުންނެވެ. ހިމެގެތުމަކާއި އަލިމަހުގެ ވިދުން ހުރި ކުދިކުދި އެސްތަކުން އަޅާ ދަޅައަށް ގެއްލިފައެވެ. އޭނާގެ ގަދަކޮފީކުލައިގެ ހަންގަނޑުގައި ޖެހިފައި އޮތް އިރު ކެވެލިކޮޅުގެ ވިދުން ގަދަ ހެން ހީވެއެވެ.

“ދައްތަ ހާދަ ރަނގަޅޭ، މީހުން ބުނޭ މާލޭގެ މުއްސަނދިންނަކީ ވަރަށް ފޮނި ބޮޑާބައެކޭ، އެހެންމީހުންގެ އިހުސާސްތަކަށް އެއްވެސް ފަރުވާލެއް ނުބަހައްޓާނެއޭ، އެކަމަކު އެއީ މުޅިއަކުން ތެދެއްކަމަކަށް މިހާރު އަޅުގަނޑަށް ޤަބޫލެއް ނުކުރެވޭ، މިގޭގައި އަޅުގަނޑާމެދު ތަފާތެއް ނުކުރޭ، ކުރިން ނޭނގޭ ބައިވަރު ކަންކަން ދައްތަ އަޅުގަނޑަށް ދަސްކޮށްދެއްވި، މީހުންގެ ތެރޭގައި އުޅެން އަޅުގަނޑަށް ކުރިއަކުން ނޭނގޭ، އަންހެންކުއްޖަކަށްވީތީ އަންހެނުން އުޅޭނީ ކިހިނެއްކަން ދައްތަގެ ފަރާތުން ދަސްވި، ހުރިހާ ކަމަކަށް ޝުކުރު އަދާކުރާނީ ކިހިނެއްކަމެއް ނޭނގެ” އަރުފީނުގެ ވާހަކަތަކުން ޝާރުދާގެ ހިތަށް އަސަރުތަކެއް ކުރިއެވެ. “ހުރިހާ ކަމެއް އެންމެ މޮޅަށް ދެނެވޮޑިގެންވަނީ ﷲ، ދައްތައަށް ދެ ފިރިހެން ދަރިން މިންވަރުކުރެއްވީތީ އެކަމާ ޝުކުރުވެރިވަން، އެކަމަކު އިންސާނަކަށްވީތީ ހިތުގައި އެދުންތަކެއް ހުރި، އަންހެން ދަރިއަކަށް ބޭނުންވި، އަރުފީނަށް ހުރިހާކަމެއް ދައްތަ ކޮށްމިދެނީ މަޔަކު އަންހެންދަރިފުޅަށްޓަކައި ކަމެއްކޮށްދޭނޭހެން، ދުވަހަކު ވެސް ދައްތައަށް ކަމެއްކޮށްދޭނަމަ މި އޮތް ގުޅުން ކަނޑާނުލާތި، އެނގޭ އަބަދު މިގޭގައި އަރުފީނަށް ނުހުރެވޭނެކަން، މީ އަރުފީނުގެ ޢާއިލާ ނޫންކަން ވެސް، އެކަމަކު ދައްތަ ދެކިލަން މިގެއަށް ނައިސް ނުހުންނާތި، މި ޒަމާނަކީ ދުރުގައި ތިއްބަސް އެކަކު އަނެކަކު ހާލު ބެލޭނޭ ޒަމާން، ޢާއިލާމީހަކަށް ނުވިޔަސް، ލޭގެ ގުޅުމެއް މި ދެމެދުގައި ނެތަސް، އަހަރެން ދެކެނީ އަރުފީނަކީ އަހަންނާ ވަރަށް ގާތް ކުއްޖެއްގެ ގޮތުގައި، އެހެން އަރުފީނު ވެސް ދެކޭނޭ ކަމަށް ދައްތަ ހީކުރަން” ޝަރުދާ ހިނިތުންވެލައިގެން އިނދެ އަރުފީނުގެ ބޮލުގައި ފިރުމާލިއެވެ. އަރުފީނު ވެސް ހިނިތުންވެލަމުން ޝާރުދާ ދެއްކި ވާހަކައަށް ބޯޖަހާލިއެވެ.

“އައްދޭ! އިސްތަށިގަނޑު އެބަ ދިގުވޭ ދޯ” އަރުފީނުގެ ބޮލުގައި އަތްލި ޝާރުދާއަށް ކުރި އަސަރު ފޮރުވާލަމުން އޭނަ ބުނެލިއެވެ.

“ވަރަށް އުނދަގޫވޭ އެހެންވެ، އަލުން ކޮށާލަން މިއުޅެނީ، އެކަމަކު މިފަހަރު ސެލޫންއަކުން ކޮށާނީ” އަރުފީނު ހީނލިއެވެ. ޝާރުދާ ވަނީ އޭނާ އަމިއްލައަށް އިސްތަށިގަނޑު ކޮށުން މަނާކޮށްފައެވެ.

ރޭގަނޑު ނިދަން އެނދަށް އަރާ އޮއްވައި ކޮޓަރީގައި މީހަކު ޓަކި ޖަހަން ފެށުމުން އަރުފީނު އައިސް ދޮރުހުޅުވާލިއެވެ. ދޮރުމަތީގައި ހުރީ ރުހައިލެވެ. އަތުގައި އޮތް ބޮޑުބެއަރ އަރުފީނަށް ދިއްކޮށްލަމުން ރުހައިލު އުފަންދުވަހުގެ ތަހުނިޔާ ކިޔެވެ. ޝުކުރު އަދާކުރަމުން އޭގައި ހިފުމާއެކު ރުހައިލު އޭނާގެ ފުރަގަހަށް ލާފައި އޮތް އަތް ގެނެސް އަރުފީނަށް ދިއްކޮށްލިއެވެ. އަތުގައި އޮތް ރަތްކުލައިގެ ބޮޑު ފިނިފެންމާ ފެނި އަރުފީނަށް ކުރިއަށް ވުރެ ބޮޑަށް ހިނިތުންވެލެވުނެވެ. އޭގައި އަރުފީނު ހިފަން އުޅެނިކޮށް އެ މަލުން އޭނާގެ މޫނުގައި ރުހައިލު ޖަހާލިއެވެ. އެއާކު ދެ ޒުވާނުން ހޭން ފެށިއެވެ. އަޑުގަދަ ވެދާނޭތީވެ އަރުފީނު އަނގަމަތީ އަތްއެޅިއެވެ. ރުހައިލު ވެސް ދެފަރާތަށް ބަލާލިއެވެ.

“ޔޫ ޑޯންޓް ހޭވް ޓު ޑޫ ދިސް” ރުހައިލު ދިއްކޮށްލައިގެން ހުރި ފިނިފެންމަލުގައި ހިފަމުން އަރުފީނު ބުނުލިއެވެ.

“އަހަރެން ދިނީމަ ދެން ހިފާބަލަ، ކުރިން ވެސް އަހަންނަށް އެނގޭ އަރުފީނަށް ރެޑްރޯސް ކަމުދާކަން، ތި ބެއަރ ކޮޓަރިއަށް ލާފައި އާދެބަލަ އަހަންނާއެކު” ރުހައިލު ވާހަކަދެއްކީ ސިއްރުންނެވެ.

“މިގަޑީގަ؟ ކީއްކުރަން؟ ނުކެރޭނެ” އަރުފީނު ޖެހިލުންވިއެވެ.

“ކޮންމެވެސް ވަރެއްގެ އިތުބާރެއް އަހަންނަށްކޮށްބަލަ” ރުހައިލު މިހެން ބުނެ ކުރިއަށް ދާން އިޝާރާތްކޮށްލިއެވެ. އަރުފީނު ރުހައިލަށް ބަލަން ހުރެފައި އަތުގައި އޮތް ބެއަރ ކޮޓަރީގެ ދޮރުކައިރީ ބަހައްޓާފައި ދޮރުލައްޕާލަމުން ރުހައިލުގެ ފަހަތުން ހިނގައިގަތެވެ.

މެދަށް އެއްހަރުފަތް ދޫކޮށްލަމުން ދުވެފައި ރުހައިލު ހާމަފެންޑާއަށް އަރަންހުރި ސިޑިން މައްޗަށް ދިޔައެވެ. އަރުފީނަށް ހާމަފެންޑާއަށް އެރުން އިރު އެތަނުގައި ހުރި މޭޒާ ދިމާލަށް ރުހައިލު ގުދުވެގެން ލައިޓަރު އަޅާތަންފެނުނެވެ. ކައިރިއަށް އައިސް ހުއްޓިލި އިރު މޭޒުމަތީ ކަޕްކޭކެއްގައި އެންމެ އުއްބައްތިއެއް ޖަހާފައި ހުއްޓެވެ. އޭތި ރޯކޮށްލުމާއެކު ރުހައިލު އަރުފީނުގެ އަތުގައި ހިފާ ދަމާލަމުން ގާތަށް ގެނައެވެ.

“މިވެސް އަރުފީނަށް” ހިނިއައިސްފައި ރުހައިލު ބުނެލިއެވެ.

“ތެންކިއު…” ގުދުވެލާފައި އުއްބައްތީގައި ދިއްލިފައިވާ ހުޅުކޮޅަށް އަރުފީނު ފުމެލިއެވެ. އަދި އުއްބައްތި ނަގާ އެއްފަރާތުގައި ބާއްވާލަމުން ކަޕްކޭކު ނަގާ އެއިން އެއްބައި ނަގާފައި އަނެއްބައި ރުހައިލުގެ އަތައް ދިއްކޮށްލިއެވެ. އެއާއެކު ރުހައިލު އަރުފީނަށް އޭނާގެ އަނގަ ދައްކާލީ ކޭކުކޮޅު ލަވާދޭށޭ ބުނުމުގެ ގޮތުންނެވެ. ނުކެރިފައި ހުރެވެސް ހީނލާފައި އަރުފީނު ރުހައިލުގެ އަނގައަށް ކޭކުކޮޅު ލަވާދިނެވެ. އިތުރު އެއްޗެއް ނުބުނެވިގެން އުޅެނިކޮށް ރުހައިލު، އަރުފީނުގެ އަތުގައި އޮތް ކޭކުކޮޅު އަތުލާފައި އަރުފީނުގެ އަނގަޔާ ކައިރިކޮށްލިއެވެ.

“މީރު ވަރަށް… ތެންކިއު….” ކޭކުކޮޅު ކާލާފައި އަރުފީނު ބުނެލިއެވެ. އިތުރަށް ބުނާނީ ކީކޭކަމެއް ނޭނގުނެވެ. އަރުފީނު ވަށައިގެން ބަލާލާފައި މަޑުމަޑުން އައިސް ރެއިލިންގައި ހިފަހައްޓާލަމުން ދުރަށް ނަޒަރު ހުއްޓާލިއެވެ.

“އަހަރެން ޤަބޫލުކުރަން އަހަންނަށް ނޭނގޭކަން އަންހެންކުދިން އުފާވާނޭކަންކަން ކޮށްދޭން” ރުހައިލު އައިސް އަރުފީނާ ޖެހޭނުޖެހޭ ހިސާބުގައި މަޑުކޮށްލަމުން ރެއިލިންގައި ދެއަތުން ހިފަހައްޓާލިއެވެ.

“ކީއްވެ ތިހެން ތިބުނީ، އަހަރެން ހިޔެއްނުކުރަން ރުހައިލު ތިހާވަރު ވެސް އަހަންނަށްޓަކައި ކޮށްދޭނެއެކޭ” އަރުފީނު ބުނެލިއެވެ.

“ހެ ހެ ހެ…. ސަންތި…” ރުހައިލުގެ ކޮނޑުން އަރުފީނުގެ ކޮނޑުގައި ޖައްސާލަމުން އޭނާ ބުނެލިއެވެ.

“ދެން ދަނީ ނިދަން” ރަކިގޮތަކަށް އެއްފަރާތަށް ޖެހިލަމުން އަރުފީނު ބުނެލިއެވެ.

“ހާދަ އަވަހަކަށް، އަދި މަޑުކޮށްލަންވީނު” ރުހައިލު ބުނެލިއެވެ. އެއާއެކު އަރުފީނު އައިސް އުނދޯލީގައި އިށީނީ ރުހައިލާ އެހާ ގާތުގައި ހުންނަން ބޭނުންނުވެގެންނެވެ.

“ދެން ވާހަކަދައްކަބަލަ…. ރުހައިލު ބުނީމަ މިއިނީ މަޑުކޮށްގެން” އަނގައިން ނުބުނެ ގިނައިރު ވާން ފެށުމުން އަރުފީނު ބުނެލިއެވެ.

“އަހަރެން ބުނެއްފިއްޔާ އަރުފީނު ކޮންމެކަމެއް ވެސް ކުރާނަންތަ؟” ރުހައިލު އަހާލިއެވެ.

“ތީ ކޮންކަހަލަ ސުވާލެއް؟ ރުހައިލު… ތިހާ ބޮޑު ބަދަލެއް އައިސްގެން ތިއުޅެނީ ކީއްވެކަން އަހާލެވިދާނެތަ؟” އަރުފީނަށް ރުހައިލުގެ ވާހަކަތަކާއި ޢަމަލުތަކުން ދެނެގަންނަންވީ ކީކޭކަމެއް ނޭނގިގެން އެންމެ ފަހުން ހިތުގައި އޮތް ސުވާލުކުރިއެވެ.

“އައެމް ސޮރީ، ދެން ދުވަހަކު ވެސް އަރުފީނު ރޮއްވާނުލާނަން، އޭރު އަރުފީނަށް އެހާ ޖެއްސުންކުރާހިތްވީ ކީއްވެކަމެއް ނޭނގެ، އެކަމަކު މިހާރު އަހަރެން ބޭނުމެއްނޫން އަރުފީނަށް އުނދަގޫކުރާކަށް، ބޭނުންވަނީ ފްރެންޑެއްގެ ގޮތުގައި ހުންނަން، އަރުފީނު އިތުބާރުކުރާވަރުގެ ރަޙުމަތްތެރިކަމެއް” ރުހައިލު އައިސް އުނދޯލީގައި އިށީނދެ އަރުފީނުގެ އަތުގައި ހިފާލިއެވެ.

“ކިހިނެއްތަ ތިއުޅެނީ، މީހަކު މިތަނަށް އަތުވެދާނެ، އޭރުން ހީކުރާނީ ކީކޭ، ރަޙުމަތްތެރިން އުޅޭގޮތްތައް މީ” އަރުފީނަށް އުނދަގޫވިއެވެ.

“އޯކޭ…އޯކޭ… ދެން އަތެއްނުލާނަން” ރުހައިލު އަވަސްއަވަހަށް އަރުފީނުގެ އަތުން ދޫކޮށްލިއެވެ.

އަރުފީނާ އެހާ ކައިރީގައި ރުހައިލު އިންއިރު އޭނާ ޖަހާފައި ހުރި ފިރިހެންސެންޓުގެ ވަހުން ވަށައިގެން ދުވާ އެހެން ވަސްތައް ފަނޑުކޮށްލާފައިވެއެވެ. އެހާ ކައިރީގައި އިންނަން އުނދަގޫވިއެއްކަމަކު އަރުފީނު ތެދުވެގެން ދުރަކަށް ނުދިއައެވެ. ރުހައިލު ދައްކަމުން ދިޔަ އެކިއެކި ވާހަކަތައް އަޑުއަހަން އޭނާ އިންއިރު ދޭތެރެއަކުން ރުހައިލުގެ މޫނަށް ބަލާލައެވެ. ކުރިން އަރުފީނަށް ފާހަގަކުރެވިފައިނުވާ އެތައް ކަމެއް ފާހަގަވެގެންދިޔައެވެ. ރުހައިލުގެ ވާހަކަތަކުގައި ހުރި ގާތްކަމާއި އޭނާ އަރުފީނަށް ބަލާލާ ކޮންމެ ފަހަރަކު ހިނިތުންވެލާ ގޮތެވެ. އަރުފީނުގެ ހިތާހަމައަށް އެ ހިނިތުންވުމުގެ އަސަރުތައް ފުރަތަމަ ފަހަރަށް ފޯރިއެވެ. ވާހަކައިގައި އިނދެ އަރުފީނުގެ އަތުގައި ރުހައިލު ހިފާލުމުން އެ އަތް އޭނާއަށް ފޮޅުވާލެވޭގޮތެއް ނުވިއެވެ. ކުއްލިއަކަށް ރުހައިލާމެދު ދެކެވޭ ގޮތް ތަފާތުވެއްޖެއެވެ.

* * * *

“އަހަރެންތަ ހުރިހާ ވާހަކައެއް ދައްކަންވީ، ސޮފޫ އަނގައިން ނުބުނާނަންތަ” އުނައިސް ބުނެލިއެވެ.

“އަހަރެން ކީކޭ ބުނަންވީ” ސޮފޫރާ ބުނެލިއެވެ.

“ކޮންމެވެސް އެއްޗެއް ބުނެބަލަ، އެޓްލީސްޓު ބުނެބަލަ އަހަންނާއެކު ހުޅުމާލެއަށް ދާނަމޭ” ކެތްތެރިކަން ކުޑަވެފައި އިން މީހަކު ފަދައިން އުނައިސް ވާހަކަދެއްކިއެވެ.

“އަހަރެން ދާހިތެއްނުވޭ، މިހާރު ވަރަށް ލަސްވެއްޖެ، ނިދި ވެސް އަތުވެއްޖެ… ދެން ދަނީ” އިތުރަށް އުނައިސްއާ ވާހަކަދައްކަން ބޭނުންނުވެގެން ސޮފޫރާ ގޮނޑިން ތެދުވިއެވެ. އަދި އުނައިސް ވާހަކަދައްކަން ފުރުޞަތު ނުދީ އެނބުރި ކޮޓަރިއަށް އައުމަށް ހިނގައިގަތެވެ.

އުނައިސް އުޅޭގޮތުން ސޮފޫރާއަށް ހުންނަނީ އުނދަގޫވެފައެވެ. އުނައިސް އޭނާއަށް ޚާއްޞަ ސަމާލުކަމެއް ދޭކަން ސޮފޫރާއަށް ވެސް ފާހަގަކުރެވެއެވެ. އެއީ އޭނާ ބޭނުންވާގޮތެއް ނޫނެވެ. ދުވަސްތަކަކަށް ފަހު އޭނާގެ ޒަހަމްވެފައި އޮތް ހިތަށް ހަމަޖެހުމެއް ވަނީ ލިބިފައެވެ. އުނައިސް ބޭނުންވަނީ ރަޙުމަތްތެރިކަމަކަށްވުރެ ގާތް ގުޅުމެއް ބާއްވަންކަން ސޮފޫރާއަށް އެނގޭ ކަހަލައެވެ. ދުރުދުރުން އުޅެން ބޭނުންވަނީ އެހެންވެއެވެ. ނަމަވެސް އުނައިސް އޭނާއަށް އެ ފުރުޞަތެއް ނުދެއެވެ. މާލޭގައި ސޮފޫރާގެ ރަޙުމަތްތެރިއަކު ހުންނަނީއެއް ނޫނެވެ. ގެއިން ބޭރަށް ނިކުމެލާނީ ވެސް އެހެންނަމަތާއެވެ. އަނެއްކޮޅުން އޭނާ އެކަނި ގެއިން ބޭރަށް ނިކުތުމަކީ އާތިޤާ ވެސް ލުތުފީ ވެސް ހިތްހަމަޖެހޭ ކަމެއް ނޫނެވެ. އަދިވެސް އެމީހުން ސޮފޫރާއަށް އިތުބާރު ނުކުރަނީކަން ސޮފޫރާއަށް އެނގެއެވެ.

ކޮޓަރިއަށް ވަންގޮތަށް ދޮރުލައްޕާ ތަޅުލިއެވެ. އަދި އައިގޮތަށް އައިސް އެނދުމައްޗަށް ވެއްޓިގަތެވެ. އަތުގައި ފުރަތަމަ ޖެހުނު ބާލީސް ގެނެސް މެޔާލާ ބޮނޑިކޮށްލަމުން އޭނާ ދެ ލޯ މަރާލިއެވެ. އޭނާއަށް ނިދުނީ އެހެން އޮއްވައެވެ.

ހެނދުނުގެ ވަގުތެވެ. އުނައިސް އޮފީހަށް ނުދަނީސް ކޮޓަރިން ނިކުންނަން ސޮފޫރާ ބޭނުމެއްނޫނެވެ. އެހެންވެ އާތިޤާ ގޮވީމާ ވެސް އަޑުއިވޭ ކަމަށް ނުހަދާ އޭނާ އޮތީއެވެ. ނަމަވެސް އޭނާއަށް އިރުއިރުކޮޅާ ގަޑިއަށް ބަލާލެވެއެވެ. ކުލިނިކަށް ދާން އޮތް ވަގުތަކަށެވެ. ޝާން ފެންނާނީ ހަމައެކަނި ކުލިނިކުގައި ހޭދަވާ ވަގުތުކޮޅުގައި ކަން ސޮފޫރާއަށް އެނގޭތީއެވެ. އެ ވަގުތަށް އޭނާއަށް އިންތިޒާރު ކުރެވެނީއެވެ.

ތައްޔާރުވެލައިގެން ސޮފޫރާ ބޮޑުކޮޓަރިއަށް ނިކުތެވެ. އޭރު އާތިޤާ ވެސް އެތަނުގައި އިނެވެ. ސޮފޫރާ ގޮވައިގެން ދާނީ އޭނާ ކަމުގައި ބުނެލިއެވެ. އަދި ދާންވީތޯ ސުވާލުކުރިއެވެ.

“މަންމާ، ކާރުގައެއްނު މިދަނީ، އެހެންވީމަ އަހަރެން އެކަނި ދިޔަޔަސް ރަނގަޅުވާނެއެއްނު، އަދިވެސް މަންމަ އަހަންނަށް އިތުބާރެއް ނުކުރަން ދޯ” ސޮފޫރާ ބުނެލިއެވެ.

“ދަރިފުޅަށް އިތުބާރު ނުކުރާތިއެއްނޫން، ދެރަގޮތެއް ވެދާނޭތީ ކަންބޮޑުވަނީ، މަންމައަށް ވެސް ފެނޭ ދަރިފުޅަށް ރަނގަޅު ބަދަލުތަކެއް އަތުވެއްޖެކަން، ދެން ގިނަ ދުވަހެއް ވެސް ނެތެއްނު، ޑރ. ޝާން ކައިރިއަށް އޭރުން ދާކަށް ނުޖެހޭނެ، ދެން މިއަދު ހިނގާ މަންމައާއެކު” އާތިޤާ އައިސް ސޮފޫރާގެ ކޮނޑުގައި ފިރުމާލިއެވެ.

ދެ މައިން އެކުގައި ނިކުމެ ދޮރުމަތީ އޮތް ކާރަށް އެރިއެވެ. ސޮފޫރާ ގެންގޮސް ކުލިނިކަށް ލާފައި އާތިޤާ އައީ ގެއަށެވެ. ސޮފޫރާ ނިމުމުން ބަލާދާނަން ކަމުގައި ބުނެފައެވެ. ކުލުނިކުގެ މައި ދޮރުން ވަދެގެން ކުރިމަތިން ފެންނަން ހުރި ސިޑިން ސޮފޫރާ އެރިއެވެ. އަދި ކަނާތައް މޫނުޖެހެން ހުރި ކޮޓަރީގައި އައިސް ސޮފޫރާ ޓަކިދިނެވެ. ޚަބަރެއް ވޭތޯ ދޮރުމަތީ މަޑުކޮށްލައިގެން ހުރުމަށްފަހު ސޮފޫރާ އައިސް އެތަނުގައި ހުރި އިށީނުމަށް ބަހައްޓާފައި ހުރި ސޯފާގައި އިށީނެވެ. އެހެން އިންދާ ކުލިނިކުގެ ރިސެޕްޝަނުގައި އިންނަ އަންހެން ކުއްޖާ ޑރ.ޝާންގެ ކޮޓަރިން ނިކުތެވެ.

“އަދި ޑޮކްޓަރ ވަޑައިނުގަންނަވާ، ކުޑައިރުކޮޅެއް ވާނެކަމަށް ވިދާޅުވީ” އެ އަންހެން ކުއްޖާއަށް ސޮފޫރާ ފެނުމުން ހިނިތުންވެލާފައި ބުނެލިއެވެ.

“މިތާ މަޑުކޮށްލަ ފާނަން” ސޮފޫރާ ޖަވާބު ދިނެވެ.

އެއްފަރާތުގައި ހުރި މޭޒެއްގެ މަތީ ތަފާތު މަޖައްލާތައް ބަހައްޓާފައި ހުއްޓެވެ. އެތަނުން ފަހަރަކު މަޖައްލާއެއް ބަލާލަ ބަލާލާ ސޮފޫރާ އިނެވެ. އެހެން އިންދާ ޑރ.ޝާން ހަރުކޮށް ހިނގާލާފައި އައިސް އޭނާގެ ކޮޓަރިއަށް ވަންތަން ފެނުނެވެ. ސޮފޫރާގެ ތުންފަތުގައި އުފާވެރިކަމުގެ ހިނިތުންވުމެއް ދުވެލިއެވެ. އަވަހަށް އަތުގައި އޮތް މަޖައްލާ ބާއްވާފައި ތައްޔާރުވެލީ ޑރ.ޝާން އޭނާއަށް ގޮވާލާނެ އިރަކަށެވެ. އެ އެދުން ވެސް ގިނައިރެއް ނުވެ ފުރިހަމަ ވެއްޖެއެވެ.

“މިއަދު ކުޑަކޮށްލަސްވެއްޖެ ދޯ” ސޮފޫރާ ވަންނަންދެން ދޮރުފަތުގައި ހިފަހައްޓާލައިގެން ހުރެފައި ޝާން ބުނެލިއެވެ.

“އިޓްސް އޯކޭ” ސޮފޫރާ މިހެންބުނެ އޭނާ އާންމުކޮށް އިންނަ ގޮނޑީގައި އައިސް އިށީނެވެ.

ޝާން ފެންތަށްޓެއް އަޅައިގެން ގެނެސް ސޮފޫރާއަށް ދިއްކޮށްލިއެވެ. އަދި އޭނާ ވެސް ހަމަޖެހިލިއެވެ. އެހެންނަމަވެސް އެއްޗެއް ނުބުނެވިގެން އުޅެނިކޮށް ސޮފޫރާ ވާހަކަދައްކަން ފެށިއެވެ.

“މި ސެޝަންތައް ނިމުނީމަ ދެން ބައްދަލެއްނުވާނެ ދޯ” ދެއަތުން ފެންތަށީގައި ހިފަހައްޓާލައިގެން ތަށްޓަށް ނަޒަރު ހުއްޓާލައިގެން އިނދެ ސޮފޫރާ ބުނެލިއެވެ.

“ސޮފޫރާ ބޭނުންވަނީތަ އިތުރު ސެޝަންތަކެއް ނަގަން” ޝާންގެ ނަޒަރު ހުރީ ސޮފޫރާގެ ހަރަކާތްތަކަށް ހުއްޓިފައެވެ.

“މި ކުލިނުކުން ނޫން ގޮތަކަށް ނުފެންނަންޏާ ދެން ޖެހޭނީ އިތުރު ސެޝަންތަކެއް ނަގަން” މިފަހަރު ސޮފޫރާ އިސްއުފުލާ ޝާންއަށް ބަލާލަމުން ހިނިތުންވެލިއެވެ.

މަސައްކަތުގެ ހަޔާތާއި އަމިއްލަ ދިރިއުޅުމާ މަސްހުނިވާން އެއްވެސް އިރަކު ޝާން ބޭނުމެއްނުވެއެވެ. ޚާއްޞަކޮށް ސޮފޫރާއަކީ އޭނާގެ ޕޭޝަންޓަކަށްވުމުން ގާތް ގުޅުމެއް ޕޭޝަންޓަކާ ބޭއްވުމަކީ އޭނާ ކޮށްގެން ވާނޭކަމެއް ނޫންކަން ޝާންއަށް އެނގެއެވެ. އެހެންވިޔަސް އޭނާއާ ސޮފޫރާ ދިމާވެ، އޭނާއަށް އެހީތެރިވުމުގައި އަމިއްލަ މީހާއަށް ވެސް ބަދަލުތަކެއް އަތުވެއްޖެކަން ޝާންއަށް އެނގެއެވެ. އެކަން ފާޅުކުރަން އޭނާ ޖެހިލުންވަނީއެވެ.

“އަހަންނަށް ސޮފޫރާއަށް އެހީވެވޭނީ މި ކުލިނިކަށް އައީމައެއްނު” ޝާން ބުނެލިއެވެ.

“އެހެންވީރު އަބަދުވެސް އަހަރެން ވާނީ ޑަކްޓަރގެ ޕޭޝަންޓަކަށް ދޯ، ދުވަހަކު ވެސް އަހަރެންނަށް މިވެފައި ހުރި ގޮތެއް ރަނގަޅެއް ނުވާނެ ދޯ” ސޮފޫރާ ބުނެލިއެވެ.

“މިހާރު ވެސް ތިހިރީ ރަނގަޅުވެފައި، މިހާރު ތީ ކުރީގެ ސޮފޫރާއެއްނޫންކަން އަހަންނަށް ވެސް ފާހަގަކުރެވޭ” ޝާން ހިނިތުންވެލިއެވެ.

“އަހަރެންގެ ކަންތައްތައް އެންމެ ރަނގަޅަށް އެނގޭ މީހަކީތީ، މި ނަގާ ސެޝަންތައް ނިމުމަށްފަހު އަހަރެންނަކީ ޑަކްޓަރގެ ޕޭޝެންޓެއްނޫން، އަހަންނަށް ޝާންއާ ރަހުމަތްތެރިކަން ނުބޭއްވޭނެތަ” ސޮފޫރާ މިހެން ބުނެލުމުން ޝާން އިންތަނުން ތެދުވެގެން އައިސް އެ ކޮޓަރީގައި ނިވާކޮށްފައި ހުރި ކުޑަދޮރުގެ ކައިރީ މަޑުކޮށްލިއެވެ.

“މިވަގުތު އަހަރެންގެ އަތުގައި ތިކަމަށް ދޭނެ ޖަވާބެއްނެތް، އެހެންވީމަ ސެޝަން އާއިގެން ކުރިއަށްދާން ފެނޭ” ސޮފޫރާއަށް ފުރަގަސްދީގެން ފަޓުލޫނުގެ ދެ ޖީބަށް އަތްޖަހާލައިގެން ހުރެ ޝާން ބުނެލިއެވެ.

“ޖަވާބެއް ބޭނުންވެގެން ޝާންއަށް މަޖުބޫރުކުރާކަށް އަހަރެން ވެސް ނެތިން، ޝާން ކޮންމެ ޖަވާބެއް ދިން ނަމަވެސް އަހަރެން ޤަބޫލުކުރާނަން، އަހަރެން އަމިއްލައަށް މަރުވާކަށް ދެނެއް މަސައްކަތެއް ނުކުރާނަން، ދިރިއުޅުމުގައި ކޮންމެކަމެއް ދިމާވި ނަމަވެސް ކެތްކުރާނަން، އެކަމާ ކުރިމަތިލާނަން، އެހެންވީމަ އަހަރެން ހަދާނެގޮތެއް ނޭނގޭތީ، އެކަމާ ޝާން ކަންބޮޑުނުވޭ، އެކަމަކު އަހަރެންގެ މި ސެޝަންތައް ނިމޭ ދުވަހަކީ ޝާން ވިސްނާފައި އަހަންނަށް ޖަވާބެއް ދޭނެ ދުވަސްކަމުގައި އަހަރެން އުންމީދުކުރަން، އެ ޖަވާބަށް އިންތިޒާރު ވެސް ކުރާނަން” ސޮފޫރާ ފުންނޭވާއެއް ލުމާއެކު ގޮނޑީގައި ހަމަޖެހިލިއެވެ. އިރުކޮޅަކުން ޝާން ވެސް އައިސް އޭނާގެ ގޮނޑީގައި އިށީނދެ އެއްފަރާތުގައި ބަހައްޓާފައި ހުރި މޭޒުމަތިން އޭނާ ނޯޓުލިޔަން ގެންގުޅޭ ފޮތް ނަގާ ހުޅުވާލިއެވެ. މީގެ ކުރިން ސޮފޫރާއާ ހަތަރުކަޅި ހަމަކުރަން ޝާން ޖެހިލުމެއްނުވެއެވެ. ނަމަވެސް މިއަދު އޭނާ ބެލީ ސޮފޫރާއާ ނަޒަރު އަމާޒުނުކޮށްވޭތޯއެވެ. ސޮފޫރާގެ ވާހަކަތަކުން ސުވާލު އުފައްދަނީ ވެސް ވަރަށް މަދުފަހަރަކު އެވެ.

* * * *

ރުހައިލުގެ އެކުވެރިކަމާއި އޭނާ އަރުފީނަށް ދެމުން އައި ޚާއްޞަ ސަމާލުކަމުގެ ސަބަބުން އަރުފީނަށް އެހެންޏާ ނުވާ ގޮތްތަކެއް ވާން ފެށިއެވެ. ރުހައިލު ފެންނަ ކޮންމެ ފަހަރަކު އޭނާ އަރުފީނާ ބަދަލުކޮށްލާ މާނަފުން ފިރިހެންވަންތަ ހިނިތުންވުން އަރުފީނުގެ ހިތުގެ އެންމެ ހިމަ ނާރުގައި ފިރުމާލާ ކަހަލައެވެ. މިހާރު އަރުފީނަށް ވެސް ވަގުތެއް ވެއްޖެއްޔާ އަވަހަށް ބެލެނީ ރުހައިލްއާ ފޯނުން ވާހަކަދައްކާ ލެވޭތޯއެވެ. ހާމަފެންޑާގައި ގޭގެ އެންމެން ނިދުމުން ދެ ޒުވާނުން ވާހަކަދައްކަން ތިބޭ ވަގުތުތައް ގިނައެވެ. މުޅި ދުވަސް ނިމުމަކަށް އަންނައިރު ދެ ޒުވާނުންނަށް އެންމެ ބޮޑު ހިތްހަމަޖެހުމެއް ލިބޭ ވަގުތަކީ ދެ މީހުންނަށް މިނިވަންކަމާއެކު ބައްދަލުކޮށްލެވޭ ވަގުތެވެ. ދެ ޒުވާނުންގެ މޫނުމަތިން ވެސް އުފާވެރިކަން ފެނިގެންދެއެވެ. އެއްވެސް މުނާސަބަތަކާ ނުލާ ވެސް ދޭތެރެއަކުން ރުހައިލު، އަރުފީނަށް އެކި ކުލަކުލައިގެ ފިނިފެންމާ ގެނެސްދެއެވެ. އެކަމަކު ގޭތެރޭގައި ފާޅުކަން ބޮޑުގޮތަކަށް އޭނާއަށް އަރުފީންއާ ވާހަކަދައްކާކަށް ނުކެރެއެވެ. އެކަމާ އަރުފީނު ވެސް ޝަކުވާ ނުކުރަނީ ސަބަބު އެނގޭތީއެވެ.

ގޭތެރޭގައި ޝާރުދާމެން ރުހައިލުގެ އުފަންދުވަހަށް ތައްޔާރުވަމުންދާކަން އަރުފީނަށް އެނގުމުން އޭނާ ވެސް ބޭނުންވީ ރުހައިލަށް ޚާއްޞަ އުފަންދުވަހުގެ ހަދިޔާއެއް ހޯދާ ދިނުމަށެވެ. އެ ދެމެދުގައި އޮތް ގުޅުމަކީ ރަޙުމަތްތެރި ކަމުގެ ނަމުން ނަން ދެވިފައިވާ ގުޅުމެއް ކަމަކު އަރުފީނުގެ ހިތުގައި ރުހައިލާއި މެދު ދެކެވޭ ގޮތް ތަފާތުވެއްޖެއެވެ. އެހެންމީހުންނަށްވުރެ ރުހައިލު ޚާއްޞަ ވެއްޖެއެވެ. އޭނާ ކަމަކު އެދެފިނަމަ އެންމެ ފުރަތަމަ ވެސް ބެލެނީ އެކަމެއް ކޮށްދެވޭތޯއެވެ. ރުހައިލުގެ ޢަމަލުތައް ހުންނަ ގޮތުން އޭނާގެ ހިތުގައި އަރުފީނަށް ޚާއްޞަ މަޤާމެއް ދެވިފައިވާކަން އަރުފީނަށް ޔަޤީންވެއެވެ. ހުރިހާ ސަބަބަކާހުރެ އަރުފީނު ބޭނުންވީ ރުހައިލުގެ އުފަންދުވަހުގައި އޭނާގެ ހަނދާން އާވާނޭފަދަ ހަދިޔާއެއް ރުހައިލަށް ދިނުމަށެވެ. އެހެންވެ އުފަންދުވަސް އައުމުގެ ކުރިން އޭނާ ދޭން ބޭނުންވި ހަދިޔާ ތައްޔާރުކުރިއެވެ. ދޭނޭ ވަގުތާއި ދޭނޭގޮތް ވެސް އަރުފީނުގެ ސިކުނޑީގައި ރާވާލިއެވެ. ގޭތެރޭގައި އެންމެން ވެސް އުޅުނީ ރުހައިލަށް އޭނާގެ އުފަންދުވަސް ފާހަގަކުރާކަން ނާންގާ ސިއްރުކޮށްގެން ކަމަށްވީތީ އަރުފީނު ވެސް ހުރީ އޭނާގެ ރޭވުންތައް ވެސް ސިއްރުކޮށްގެންނެވެ.

ރުހައިލުގެ އުފަންދުވަހުގެ ރޭ ފަޒަލް ދިޔައީ ރުހައިލު އާއި މިލާންގެ އިތުރުން ވިޝާކާ ގޮވައިގެން އޭނާގެ ޚަރަދުގައި ކޮފީއެއް ބޯލުމަށް ގެއިން ބޭރަށެވެ. ފަޒަލްގެ ބޭނުމަކަށްވީ އުފަންދުވަހުގެ ހަފުލާ އޮތް ތަނަށް ރުހައިލުގެ ޢާއިލާ އާއި އެތަނަށް ހާޟިރުވާން ދަޢުވަތު ދީފައިވާ، ހުރިހާ މެހެމާނުން އައިސް ހަމަވެ ހުރިހާ ކަމެއް ތައްޔާރުވުމުން ރުހައިލު ގޮވައިގެން ގެއަށް އައުމެވެ. އަރުފީނު އާއި ރުހައިލު އެހާ ގާތްކޮށް އުޅޭތީ ފަޒަލް ހުންނަނީ ހިތްހަމަނުޖެހިފައިކަން ރުހައިލަށް އެނގެއެވެ. ފަޒަލްގެ ޝަކުވާއަކީ އަރުފީނާ މެދު ރުހައިލު އެގޮތަށް ކަންތައްކުރަނީ ކީއްވެގެންތޯއެވެ. ލޯބިވަނީތޯ އެހުމުން ރުހައިލު ވަނީ އެ ސުވާލަށް ވަކި ޖަވާބެއް ނުދީފައެވެ. މާކަންތައް ބޮޑުވެއްޖެނަމަ ރުހައިލު ބުނަނީ އޭނަގެ އެންމެ ގާތް ރަޙުމަތްތެރިއެއްގެ ގޮތުގައި ހުރި ހަމައެކަނި އަންހެންކުއްޖަކީ އަރުފީނު ކަމުގައެވެ. މިލާންއަށް އެ ވާހަކަށް ފަޒަލް ވަނީ ކިޔައިދީފައެވެ. އެހެންނަމަވެސް ކޮފީ މޭޒު ދޮށުގައި އެ ވާހަކަދައްކަން ފަށައިފިނަމަ ރުހައިލު ހިތްހަމަނުޖެހިގެން އެތަނުން ނިކުމެގެން ހިނގައިދާނޭތީވެ ފަޒަލް އޮތީ އެއިން އެއްވެސް ވާހަކައެއް ދެއްކުން މިލާންއަށް މަނާކޮށްފައެވެ. އަދި ވިޝާކާއަށް އެއިން އެއްވެސް ވާހަކައެއް ކިޔައި ނުދިނުމަށް ވެސް ބުނެފައެވެ.

ކިޔަވާ ނިމުމުން ކުރިމަގު އޮތްގޮތާމެދު އެންމެންގެ މެދުގައި ވާހަކަދެކެވެމުންދިޔައެވެ. ޚިޔާރުކުރަން ބޭނުންވާ ދާއިރާ އާއި ކުރަން ބޭނުންވާ ކަންކަމުގެ ވާހަކަތަކެވެ. ފަޒަލް ޢާއިލާ ވިޔަފާރިއާ ގުޅޭނެ ވާހަކަ ބުނުމުން އެކަމަށް ރުހައިލުގެ ޝައުގުވެރިކަމެއް ނެތެވެ. އޭނާ ބޭނުންވަނީ އަމިއްލަ ވިޔަފާރިއެއް ފަށާށެވެ. އެކި މީހުންގެ ޚިޔާލު ތަފާތެވެ. އެންމެންގެ ތެރެއިން ބަސްމަދުވެފައި އިނީ ވިޝާކާއެވެ. އެކަމަކު އޭނާއަށް ވެސް ކަމެއް ފާހަގަވެގެން އެ ވާހަކަ ކޮފީ މޭޒަށް ހުށަހެޅިއެވެ.

“ރުހައިލު ހާދަ ބަދަލުހެން ހީވެޔޭ، މާ އުފާވެފައި ހުންނަހެން ވެސް ހީވޭ” ވިސްނުންތެރިކަމާއެކު ރުހައިލަށް ބަލަން އިނދެފައި ވިޝާކާ ބުނެލިއެވެ.

“ބައެއް މީހުންނަށް ހެޕީވާން ނޭނގެންޏާ ހީވާނެ ދެންތިބޭ މީހުން ވަރަށް ހެޕީއޭ” ރުހައިލު ގަސްދުގައި ވިޝާކާ ފޫހިކޮށްލަން ބޭނުންވީއެވެ. އެހިނދު ފަޒަލް، ރުހައިލުގެ ކޮނޑުގައި ޖަހާލަމުން ކޮށްޕާލިއެވެ.

“ކަމޯން މޭން، ވިޝް އެބުނީ ދޮގުވާހަކައެއްނޫން، ރުހައިލްއާ އެއްކޮށް އުޅޭ ކޮންމެ މީހަކަށް ވެސް އެނގޭނެ މިހާރު ރުހައިލު ތަފާތުކަން، އެންމެން ކައިރީ ބުނަންވީނު އެއީ ކީއްވެކަން” ފަޒަލް ބޭނުންވީ ވިޝާކާއާ އެއްކޮޅަށް ހިފާށެވެ.

“ތެދެއް ރުހައިލު، ކިހިނެއްތަވީ؟ އަނެއްކާ ލައިފަށް ގާލްއެއް އައީތަ؟ ރުހައިލުގެ ފޮނި ހިތް ބޭނުންވާ ފަދަ އަންހެންކުއްޖަކާ ދިމާވީތަ؟” މިލާން ވެސް ފުރުޞަތުގެ ބޭނުންހިފާ ދައްކަން ބޭނުންވެފައި އިން ވާހަކަފެށޭތޯ މަސައްކަތްކުރިއެވެ.

“ހެޕީވަނީ ހަމައެކަނި އަންހެންކުއްޖަކު ލައިފަށް އައިސްގެންތަ؟ ކަލޭމެންގެ ތިހިރަ ވިސްނުމެއް ދޯ” ރުހައިލު ބޭނުންވީ މައުޟޫޢު ކުރިއަށް ނުގެންދާށެވެ. ހަމައެވަގުތު ފަޒަލްއަށް ފޯނެއް އައީ ރުހައިލުގެ ނަސީބޭ އޭނަ ހިތަށް އެރިއެވެ. އެ ފޯނު ކޯލާ ނިމުމާއެކު ފަޒަލް އަވަސްވެގަތީ ބިލުދެއްކުމަށެވެ. އަދި އަވަހަށް ގެއަށް ދިއުމަށެވެ.

“ކާކު ގުޅީ؟” ފަޒަލް މާ އަވަސްއަރުވާލާފައި އުޅޭތީ ރުހައިލު އަހާލިއެވެ.

“މަލީކު އަންކަލް، ވަރަށް އަވަހަށް ގެއަށް އައިސްދިނުމަށް އެދުނީ” ފަޒަލް ނޭނގޭ ކަމަށް ހެދުނެވެ. ރުހައިލުގެ މޫނުމަތިން ވަގުތުން ސީރިއަސްކަން ފާޅުވެގެން ދިޔައެވެ. އޭނާގެ ބައްޕަ އެ ފަދަ ވަގުތެއްގައި ހޯދަންވީ ސަބަބެއް ވިސްނަމުން ފަޒަލްއާއެކު ކެފޭއިން ނިކުތެވެ.

މިލާން އާއި ވިޝާކާ، ފަޒަލްމެންނާ ވަކިވުމުން އޭނާ މިސްރާބުޖެހީ ރުހައިލުގެ އުފަންދުވަހުގެ ހަފްލާއޮތް ތަނާ ދިމާލަށެވެ. ހޮޓެލްއާ ހަމައަށް އާދެވުނުއިރު އެ ހިސާބުގައި ހުރި ޕާކިން ޒޯނުގައި އާދަޔާ ޚިލާފަށް ކާރުތައް ގިނަކަން ރުހައިލަށް ފާހަގަވިއެވެ. އަދި އެތަނަށް އަންނަންޖެހުނު ގޮތަކާމެދު ސުވާލުކުރަން ފެށިއެވެ. އޭނާގެ ސުވާލުތައް ފަޒަލްއަށް ހުށަހެޅުމުން ވެސް އެއްވެސް އެއްޗެއް ނުބުންޏެވެ. އޭގެ ބަދަލުގައި އޭނާ ބެލީ ރުހައިލުގެ ވިސްނުން އެހެން ދިމާލަކަށް އަނބުރާލެވޭތޯއެވެ.

“ބްރަދަރ، ސީރިއަސްކޮށް ބުނެބަލަ، އަރުފީންދެކެ ލޯބިވެގެންތަ ތިއުޅެނީ” ފަޒަލް މިހެން އެހުމާއެކު ރުހައިލު ހިމޭންވިއެވެ.

“ލޯބިވޭ ދޯ، ރުހައިލު ތިއުޅެނީ ލޯބިންނަމަ އަހަރެންގެ މައްސަލައެއްނެތް، އެކަމަކު އަންހެންކުއްޖެއްގެ ހިތް ހަލާކުކޮށްލަންނަމަ އަހަރެން އެކަމަށް ސަޕޯޓެއް ނުދޭނަން، ސޯ ޕްލީޒް… އައި އެމް ޔޯ ބެސްޓްފްރެންޑް، އަހަރެން ގާތު ބުނެވިދާނެއެއްނު ރުހައިލަށް އަރުފީނު ކަމުދަންޏާ” ފަޒަލް ބޭނުންވަނީ ރުހައިލުގެ ހިތުގައި ސިއްރުކުރަމުން އަންނަ އިހުސާސްތަކުގެ ހަޤީޤަތް އޮޅުންފިލުވާށެވެ. ރުހައިލު އަނގައިން ބަހެއްވެސް ބުނެނުލާ ރަކިގޮތަށް ހެވިފައި ހުރެގެން ފަޒަލްއާއެކު އައިސް ހޮޓެލްގެ ދޮރުން އެތެރެއަށް ވަދެ ލިފްޓާ ދިމާއަށް ދިޔައެވެ. ފަޒަލްއަށް ދާންވީ މިސްރާބާ ހުރިހާ އެއްޗެއް އެހާ ރަނގަޅަށް އެނގުނީ ކިހިނެއްކަމާއި މެދު ރުހައިލަށް ވިސްނާލަން ވެސް ނޭނގިފައި ހުރީ ފަޒަލް ދެއްކި ވާހަކައިގެ ސަބަބުން އަރުފީނުގެ ޚިޔާލަށް މާ ބޮޑަށް ގެއްލިފައި ހުރުމުންނެވެ.

“ސަޕްރައިޒް….” ކުއްލިއަކަށް ފަޒަލް ހުޅުވާލި ބޮޑުދޮރުގެ އެތެރެއިން އެތައްބައެއްގެ އަޑުއިވިގެން ދިޔައެވެ. ހުއްޓުން އަރާފައި ރުހައިލަށް ހުރެވުނީއެވެ. ބޮޑު ހޯލުގެ ތެރެއަށް އެތައް ބަޔަކު ޖަމާވެފައި ތިއްބެވެ. ހިނިއައިސްފައި ހުރި ޝާރުދާ އައިސް ދަރިފުޅުގެ ކޮނޑުގައި ފިރުމާލަމުން ކުރިއަށް އައުމަށް އެދުނެވެ. މަލީކު ވެސް ހަމައެވަގުތު ރުހައިލަށް ގޮވާލައިފިއެވެ.

“ހޭއި! ބާތްޑޭ ބޯއީ” ހިނިއައިސްފައި ހުރި މަލީކުގެ ފުރަގަހުން ނިކުން އަންހެންކުއްޖާ ރުހައިލަށް ބުނެލިއެވެ. ހުއްޓުން އަރާފައި ހުރި ރުހައިލުގެ މޫނުމައްޗަށް ކުއްލިއަކަށް ދިރުން އައިހެން ހީވިއެވެ. ހިނިއައިސްފައި އެއްފަހަރު މަލީކަށް އަނެއްފަހަރު ކުރިމަތީ ހުރި އަންހެންކުއްޖާއަށް ބަލާލިއެވެ.

ވިލުފެހިކުލައިގެ ކުދި ރޫތަކެއްނަގާފައި ހުރި ކުރު ހެދުން އެ އަންހެންކުއްޖާގެ ހަށިގަނޑާ ނުހަނު ގުޅެއެވެ. އުނަގަނޑާ ދިމާލުން ބެލްޓެއްހެން ހިފާލާފައި ހެނދުން ހުރިއިރު، ހެނދުމުގައި ވަނީ ކުޑަކުޑަ އަތްކޮޅެކެވެ. އެހެންވެ އެ ރީތި ދޮން އަތް އޮތީ ހާމައަށް ފެންނާށެވެ. އަތުކުރި ފަޅުފިލުވާލުމަށް މަޑުދެކުލައެއްގެ އުޅައެއް އަޅާފައި އޮތެވެ. އެއްފައި މައްޗަށް ބުރަވެ ހުރިހެން ހުއްޓިލައިގެން ހުރިއިރު ވައަތްފަރާތުގައި ހަށިގަނޑާއި އަތާއި ދޭތެރޭގައި ހުދުކުލައިގެ ކުލަޗް ބޭގެއް ހިފަހައްޓާލައިފައި އޮތެވެ. ހައިރާންކަމާއެކު އަނގަމަތީ އިނގިލިތައް އަޅާލިއިރު، ރީތިކޮށް ހަދާފައި ހުރި ދިގު ނިޔަފަތިތަކުން އެ އިނގިލިތައް ވަކިން ހިމަވެފައި ދިގުކަމަށް ދައްކައެވެ. މަޑުމަޑު ފިޔާތޮށިކުލައިގެ ދެ ތުންފަތުން ހިނިތުންވެލައިގެން ހުރިއިރު ކޯތާފަތުގެ ދެފަރާތުން އަޑިކޮޅެއް ފާޅުވެގެންދިޔައެވެ. ހަފްލާއާ ގުޅޭނޭހޭން ގަދަޗޮކުލެޓު ކުލަޖައްސާފައި އޮތް ރާޅުބާނި އިސްތަށިގަނޑު ކޮނޑުގެ ދެފަރާތުން ކުރިމައްޗަށް ދޫކޮށްލާފައި އޮތް އިރު ރީތިވަރަކަށް އިސްތަށިތަކުގެ ކޮޅުތައް ހުރީ އޮޅިފައެވެ. ދޮންކަމުން ބޮޑަށް ވައްތަރުވަނީ ރާއްޖޭން ބޭރުގެ ކުއްޖަކާއެވެ. އެއްފަހަރު ވިޔަސް އެ އަންހެންކުއްޖާއަށް ނަޒަރު ހުއްޓިއްޖެނަމަ އެހެން ދިމާލަކަށް ނަޒަރު ހިންގާލުމަކީ އެއްވެސް ޒުވާނަކަށް ފަސޭހަކަމަށް ނުވާނެކަން ޔަޤީނެވެ. ރުހައިލަށް ވެސް ވީ އެހެންކަންނޭނގެއެވެ.

“ނައިރާ…. ނައިރާތަ؟ ކޮންއިރަކު އައީ؟” ރުހައިލުގެ މޫނުމަތިން ފެނިގެންދިޔަ ކުލަވަރުން މަލީކުގެ ހިތްހަމަޖެހުނެވެ. ތުންފަތަށް ވެރިވެފައިވާ ހިނިތުންވުމާއެކު ކުރިއަށްވުރެ ބޮޑަށް ދެމިޔަކަނިން ތުންފަތް ދެމިލީ ވެސް ލިބުނު ހިތްހަމަޖެހުމެއްގެ ބޮޑުކަމުންނެވެ.

“ތޭންކްސް ބައްޕާ؟” ނައިރާއާ ވާހަކަދައްކާލާފައި ރުހައިލު މަލީކާ ދިމާއަށް އެނބުރިލިއެވެ. އުފަންދުވަހުގެ ހަފުލާއަކީ މަލީކުގެ ރޭވުންތެރިކަމާއެކު ބޭއްވިފައި އޮތް ހަފުލާއެއްކަން ރުހައިލަށް ޔަޤީންވާތީ ޝުކުރުއަދާކުރަން ރުހައިލު ބޭނުންވީއެވެ.

“ދަރިފުޅުގެ އުފަންދުވަހާ ދިމާކޮށް ޚާއްޞަކޮށް ދަރިފުޅަށްޓަކައި ނައިރާ މާލެ އެ އައީ” މަލީކު ބުނެލިއެވެ.

ނައިރާ ވެސް ހުރީ އެތައް އަހަރުތަކަކަށްފަހު ރުހައިލާ ބައްދަލުވި އިރު އޭނާއަށް އައިސްފައި ހުރި ބަދަލުތައް ފެނި ހައިރާންވެފައެވެ. ދިގު އިސްކޮޅާއި ކަސްރަތީ ހަށިގަނޑުގެ އިތުރުން ފިރިހެންވަންތަކަމުން ފުރިގެންވި ރުހައިލުގެ މޫނު ފެނި ނައިރާ ބަސްހުއްޓޭ ގޮތްވީއެވެ. އޭނާގެ ޅައުމުރުގައި އެކުގައި އުޅުނު ރުހައިލު ފުރާފުރިހަމަވެ ޒުވާނަކަށްވެފައި ހުންނައިރު އެހާ ފުރިހަމަވެދާނެ ކަމަކަށް ނައިރާއަށް ޤަބޫލުނުކުރެވުނީ ކަމަށް ވެދާނެއެވެ. އެސްފިޔަ ޖަހާލުމެއްނެތި ރުހައިލަށް ގެއްލިފައި ނައިރާ ހުއްޓެވެ. އެހެންހުއްޓާ ރުހައިލު އާއި ނައިރާގެ ގާތުގައި ފަޒަލް އައިސް މަޑުކޮށްލިއެވެ. އެއާއެކު ފަޒަލްގެ ކޮނޑަށް އަތްވަށްޓާލަމުން ރުހައިލު އޭނާގެ ކޮނޑުގައި ތަޅައިގަތެވެ. މުޅި ދުވަހު އޭނާ ނޭނގުމެއްގެ ތެރޭގައި ބަހައްޓައިގެން ފަޒަލް އުޅުނީމަ އެހެންވެއެވެ. މަލީކުއަށް ވެސް އެ މަންޒަރު ފެނި ހީނލެވުނެވެ. އޭނާ ދަރިފުޅުގެ ބުރަކަށީގައި އަތްޖައްސާލަމުން އޭނާއާއެކު އައުމަށް ބުނެ، ރުހައިލުގެ އުފަންދުވަހަށް އައިސްތިބި މެހެމާނުގެ ގާތަށް ގެންދަން ފެށިއެވެ.

މަލީކު ހިތްހަމަޖެހޭ ވަރުވުމުން ރުހައިލު އޭނާގެ ރަޙުމަތްތެރިންގެ ގާތަށް ދިއުމަށް ފޮނުވާލިއެވެ. އެއާއެކު ނައިރާ އައިސް ރުހައިލުގެ ގާތުގައި ހުއްޓިލިއެވެ. ނަމަވެސް ރުހައިލުގެ ނަޒަރު ހޯލުގެ އެކި ދިމަދިމާ ހޯދަމުން ދިޔައެވެ. ތުންފިއްތާލަމުން ރުހައިލު އިސްޖަހާލީ އެ ހަފުލާއިން އޭނާ ހޯދަން ބޭނުންވި ފަރާތް ނުފެންނާނެކަން އެނގިގެންނެވެ.

* * * *

ބޮޑުކޮޓަރީގެ ދޮރާ ދިމާއަށް ބަލާލާފައި އިރު އިރުކޮޅާ ފާރުގައި ހުރި ގަޑިއަށް ވެސް އަރުފީނަށް ބަލާލެވެއެވެ. އޭނާ އިންތިޒާރު ކުރަމުން އެދަނީ ރުހައިލު އެނބުރި ގެއަށް އަންނާނޭ އިރަކަށެވެ. ރުހައިލުގެ އުފަންދުވަހުގެ ހަދިޔާ ދޭހިތުންނެވެ. ރުހައިލުގެ ގިނަ ވަގުތުތައް އަރުފީނާއެކު ހޭދަކޮށްފައި ކުއްލިއަކަށް މިރޭ ރުހައިލުގެ ޚަބަރެއް ނުވެ އެހާ ގިނައިރު އިންނަން ޖެހުމުން އަރުފީނުގެ ހިތަށް ބަޔާންކުރަން ދަތި އެކަނިވެރިކަމެއް އިހުސާސްވަމުންދިޔައެވެ. ހިތް އެދެމުންދިޔައީ ވީހާ ވެސް އަވަހަކަށް ރުހައިލު އައުމަށެވެ.

ރުހައިލު ދުށުމަށް ހިތް އެދުނު ނަމަވެސް ހިތް އެދޭހާ ގޮތަކަށް ހުރިހާކަމެއް ނުވާނޭކަން އަރުފީނަށް ވެސް އެނގެއެވެ. އެކަމަކު ކުރިން އޭނާގެ ހިތަށް ނުވާ އެތައްގޮތެއް މިހާރު ވެއެވެ. ރުހައިލު ފެންނަ ކޮންމެ ފަހަރަކު އުފަލުން އުދުހިގަންނަން ބޭނުންވާ ފަދަ އިހުސާސެއް އޭނާއަށް ކުރެވެއެވެ. މީގެ ކުރިން ކަމަކަށް އިންތިޒާރު ކުރުމަކީ ދަތި އުނދަގޫކަމެއް ނޫނެވެ. އެހެންނަމަވެސް މިރޭ ރުހައިލު އަންނާނެ އިރަކަށް އިންތިޒާރު ކުރާން ޖެހުމުން އަރުފީނަށް ހީވަނީ އެންމެ މިނެޓެއް ވެސް ދިގު ވެގެން އުޅޭހެންނެވެ. ބާރަޖަހަން ކައިރިވުމުން އެންމެފަހުން އަރުފީނު ބޮޑުކޮޓަރީގެ ސޯފާއިން ތެދުވިއެވެ. ހުޅުވާފައި ހުރި ޓީވީ ނިއްވާލާފައި އޭނާ އައީ ކޮޓަރިއަށެވެ.

އަރުފީނު އެނދަށް އަރާ ބާލީހުގައި ބައްދާލީ ޚިޔާލަކަށް ގެއްލިފައި އޮވެއެވެ. އެގޮތަށް މާ ގިނައިރަކު އޭނާއަށް ނޯވެވުނެވެ. އަރިމަތީ ހުރި ކުޑަކަބަޑުމަތިން ފޯނު ނަގާ ރުހައިލަށް މެސެޖެއް ފޮނުވާލިއެވެ. އަންނަނީ ކޮންއިރަކުންތޯ އަހާލާފައެވެ. ނަމަވެސް ރުހައިލު އެއްވެސް ޖަވާބެއް ނުދިނެވެ. އެކަމާ ތުންފަތަށް ވައްތަރެއް ޖައްސާލާފައި އަރުފީނު ފޯނު ބޭއްވިއެވެ. އަދި ލިޔާ މޭޒުމަތީ ޕާރުސަލްކޮށްފައި އޮތް ރުހައިލުގެ ހަދިޔާއަށް ބަލާލަމުން ހިނިތުންވެލިއެވެ. އެކިއެކި ޚިޔާލުތަކަށް ގެއްލިފައި އޮތް އަރުފީނަށް ނިދުނީ ކޮންއިރަކު ކަމެއް އޭނާއަކަށް ނޭނގެއެވެ. ހޭލެވުނީ އެނދުގެ އަރިމަތީ ހުރި ކަބަޑުމަތިން ފޯނު ވައިބްރޭޓްވާ އަޑަށެވެ. ދެ ލޯ ތަންމިނަށް ހުޅުވާލުމާއިއެކު ފުންމައިގެން ތެދުވިއެވެ. ފޯނު ބަލާލެވުނީ ވެސް ދެނެވެ.

“ހެލޯ…” އަވަސް އަވަހަށް ކަންފަތުގައި ފޯނު ޖައްސާލުމާއެކު އަރުފީނު ބުނެލިއެވެ.

“ނިދީތަ؟” ރުހައިލުގެ އަޑު އަރުފީނުގެ ކަންފަތުގައި ޖެހުނެވެ.

“ނޫން، ތި އައީތަ؟” އަރުފީނުގެ ފިލާ ހިނގައްޖެއެވެ.

“މިހުރީ ޓެރެސްގައި” ރުހައިލު ބުނެލިއެވެ. އެއާއެކު އޭނާ އެ ބުނަނީ އަންނާށޭކަން އަރުފީނަށް އެނގުނެވެ. އަވަސް އަރުވާލާފައި މި ދަނީ ކަމުގައި ބުނެ ފޯނުކޯލު ކަނޑާލިއެވެ. އަދި ދުވެފައި ކަހަލަ ގޮތަކަށް ފާޚާނާއަށް ވަދެ މޫނު ދޮވެލީ ނިދީގެ އަސަރު މޫނުމަތިން ފިލުވާލުމަށެވެ.

“ރުހައިލް….” ދެއަތް ފުރަގަހަށް ލައިގެން ހުރެ ރުހައިލާ ދިމާލަށް އައި އަރުފީނު މަޑުމަޑުން ގޮވާލިއެވެ. އޭރު ރުހައިލު ހާމަފެންޑާގެ އެއްފަރާތު ރެއިލިންގައި ދެއަތް އަޅުވާލައިގެން ކުޑަކޮށް ގުދުވެލައިގެން އޮތެވެ. އަރުފީނުގެ އަޑުއިވުމާއެކު އަވަސް އަވަހަށް އެނބުރިލިއެވެ.

“ހެޕީ ބާތްޑޭ” އަރުފީނުގެ ގާތުގައި ރުހައިލު އައިސް ހުއްޓިލުމާއެކު އަތުގައި ޕާރުސަލް ކުރެވިފައި އޮތް ކުޑަފޮށި ނަގާ ރުހައިލަށް ދިއްކޮށްލިއެވެ. އޭގައި ރުހައިލު ހިފުމާއެކު އަރުފީނުގެ އަތުގައި ހިފައިގެން އައިސް ހާމަފެންޑާގައި ހުރި އުނދޯލީގައި އިށީނެވެ. އަދި އަރުފީނު ދިން ހަދިޔާ ބެލުމަށް އުޅުނެވެ. އަވަސްވެފައިވާ ހިތަކާއެކު ރުހައިލުގެ އަތުގައި އޮތް ކުޑަފޮށި ހުޅުވާލިއެވެ.

“ވާއު… އިޓްސް ސޯ ކޫލް” ފޮށީގައި އޮތީ އަތުގައި އަޅާ ޗޭނުކޮޅެކެވެ. އޭގައި އޮމާންކޮށް އޮތްތަންކޮޅުގައި “ފްރެންޑްސް ފޮރެވާ” ޖަހާފައި އޮތެވެ. އަދި އޭގެ ދަށަށް އޮތް ފަރާތުގައި އަރުފީނުގެ ނަން ފެށޭ އިނގިރޭސި އަކުރު ޖަހާފައި އޮތެވެ.

“ކަމުދޭތަ؟ އަހަންނަށް ފެށޭ ރުހައިލު ކެޝުއަލްކޮށް ހުންނައިރު އަތުގައި އެއްޗެހި އަޅާތަން” އަތަށް ޗޭނުކޮޅު ހެޔޮވަރުކޮށްލި ރުހައިލުގެ ގާތުން އަރުފީނު އަހާލިއެވެ.

“ތޭންކްސް” ކުއްލިއަކަށް ރުހައިލު، އަރުފީނު ގެނެސް އޭނާގެ އަތުގެތެރެއަށްލާ ހިފަހައްޓާލިއެވެ. މިފަހަރު އަރުފީނު ވެސް އެހެންޏާ އުޅޭހެން ތެޅިގަނެފައި ދުރަށްދާކަށް ނޫޅުނެވެ. ރުހައިލުގެ މޫނުގައި އަރުފީނުގެ ކޯތާފަތްޖެހިފައި ހުރިއިރު މަޑުމަޑުން ރުހައިލުގެ އަތުގެތެރޭ އޭނާ ފިތެމުންދިޔައެވެ.

“ރުހައިލު” ވައިއަޑުން ކަހަލަ ގޮތަކަށް އަރުފީނު ރުހައިލުގެ ނަންކިޔާލީ އޭނާއަށް ކެތްނުކުރެވިދާނޭ ހީވެގެންނެވެ.

“ސޮރީ” އަރުފީނުގެ ގައިން ދޫކޮށްލަމުން ރުހައިލު ދުރަށް ޖެހިލިއެވެ.

“އަހަރެން ހިޔެއްނުކުރަން ރުހައިލު އަހަރެންގެ އެހާ ގާތް ރަޙުމަތްތެރިއަކަށް ވެދާނެއެކޭ، ރުހައިލު ކީއްވެ ތިހެން ތިއުޅެނީ؟ އަހަރުމެން ދެމެދުގައި މިއޮތް ރަޙުމަތްތެރިކަމުގެ މާނައަކީ ކޮބާ؟” ރުހައިލުގެ ލޮލަށް ނަޒަރު ހުއްޓާލައިގެން އިން އަރުފީނު އެ ދެ ލޮލުން ކަމެއް ހޯދާ ކަހަލައެވެ.

“އަހަންނަށް ޓްރަސްޓެއް ނުކުރަންތަ؟ އަރުފީނު ދެރަވާވަރުކަމެއް އަހަރެން ނުކުރާނަން” ރުހައިލު މަޑުމަޑުން އަރުފީނުގެ އަތުގައި ހިފާލަމުން ބުންޏެވެ.

“އަހަރެންގެ ހިތް ރުހައިލަށް އިތުބާރުކުރޭ، އެކަމަކު ބިރު ވެސް ގަނޭ…. ހީނުކުރާ ކަހަލަ ބަދަލެއް މިގުޅުމަށް އަތުވެދާނޭތީވެ” އަރުފީނު އިސްޖަހާލިއެވެ.

“ޔޫ އަރ މައި ފަސްޓް ގާލްފްރެންޑް، ވަރަށް ޚާއްޞަ… އެންމެނަށްވުރެ ޚާއްޞަ… ދެން ނޭނގެ، ހިތުގައިވާ ހުރިހާ ވާހަކައެއް ބުނެދޭން ފަސޭހައެއްނޫން، ޤަބޫލުކުރޭ އަހަރެން އަބަދުވެސް ހުންނާނެކަން، އިރާދަކުރެއްވިއްޔާ އަރުފީނުގެ އަތުގައި މިހެން ހިފާލައިގެން އެންމެ ގާތުގައި ހުންނާނެ މީހަކީ އަހަރެން ކަމުގައި ހީކޮށްލާ، އެ ދުވަހުން މި އަތުގައި ހިފާނީ ދުވަހަކު ވެސް ދޫކޮށްނުލާ ގޮތަށް” ރުހައިލު މިހެން ބުނެ އަރުފީނުގެ ކޯތާފަތުގައި ފިރުމާލިއެވެ. އެހިނދު އަރުފީނުގެ އެތެރެހަށީގައި ނޭވާ ތާށިވި ކަހަލައެވެ.

“ޔޫ ލަވް މީ…ރުހައިލު، ޔޫ ރިއަލީ ލަވް މީ” ތުންފަތަށް ކުޑަ ލޮޅުމެއް އެރި ނަމަވެސް އަރުފީނުގެ ހިތުގެ އަޑު ގުގުމާލީ އަމިއްލަ ސިކުނޑީގެ ތެރޭގައެވެ. އިވުނީ ހަމައެކަނި އަމިއްލަ ކަންފަތަށެވެ. ކުރިމަތީ ހިނިތުންވެލައިގެން އިން ރުހައިލުގެ ކަންފަތާ ހަމައަށް އޭނާގެ އަޑު ފޯރާނީ ދުލުން ބަހެއް ބޭރުވި ނަމައެވެ.

“ފިނިވީތަ؟” ރުހައިލުގެ އަތުގެތެރޭގައި އޮތް އަރުފީނުގެ އަތްތިލަ ފިނިވެގެން ދިއުމާއެކު ރުހައިލު އަހާލިއެވެ. ހަޤީޤަތުގައި އަރުފީނަށް ފިނިވަނީއެއް ނޫނެވެ. ރުހައިލުގެ ވާހަކަތަކުން ޔަޤީންކުރަންވީ ކީކޭކަން ނޭނގި ނަފުސު ވަނީ އޮޅުންބޮޅުންގަނޑެއްގެ ތެރޭގައެވެ. ހިތުގެ ހިނގުން އަވަސްވެފައި ވަނީ އަރުފީނުގެ އަމިއްލަ ހިތް ރުހައިލުގެ މައްޗަށް ލެނބިފައިވާކަން އިހުސާސްކުރެވޭތީއެވެ. ނޭނގުމެއްގެ ތެރޭގައި ހުރެ ވެސް ރުހައިލަށް ހިތުން ޖާގައެއް ހުސްކުރެވިފައި ވެއެވެ.

“އޯ ގޯޑް… މިހެން އިރު އަރަންދެން އަރުފީނާ ވާހަކަދައްކަން އިންނަން ބޭނުންވަނީ، އެކަމަކު އަހަރެންގެ އަމިއްލަ އެދުން އިސްކޮށްފައި އަރުފީނުގެ ނިދި ނަގާލުމުގެ އޮތީ ކޮންހައްޤެއް” ރުހައިލު ކަނދުރާގައި ދެއަތް އަޅުވާލަމުން ހަށިގަނޑު އުނދޯލީގެ ތެރޭ ދަމާލެވޭތޯ އުޅުނެވެ.

“ރުހައިލު ބުނޭ… ބުނެފިއްޔާ އަހަރެން އިންނާނަން” ލަދުވެތި ގޮތަކަށް އަރުފީނު ބުނެލިއެވެ.

“އަހަރެން އެދެފި ކޮންމެކަމެއް އަރުފީނު ކުރާނަންތަ؟” ހިނިއައިސްފައި ރުހައިލު އަހާލިއެވެ.

“ދެން ދަނީ… އަދި ވެސް އެއްފަހަރު ހެޕީ ބާތް ޑޭ، ހެނދުނު ހޭލަން ވެސް ޖެހޭނެ، އަހަރެންގެ ކިޔެވުން އަދި ނުނިމޭ، އެހެންވިމަ ކުލާހަށް ވެސް ދާން ޖެހޭނެ” ރުހައިލުގެ ސުވާލުގެ ޖަވާބު އަރުފީނަށް އެނގޭ އިރު ވެސް އޭނާ ބުނަން ބޭނުންނުވީއެވެ. ފަހަރެއްގައި އޭނާއަށް އިހުސާސްވާގޮތަކީ ރުހައިލު ބޭނުންވާ ގޮތްކަމަށް ނުވެދާނެތީއެވެ.

އަރުފީނު ތެދުވުމުން ރުހައިލު ވެސް ތެދުވިއެވެ. އަރުފީނު ހުއްޓުވަން ރުހައިލު ބޭނުންވިއެވެ. އެހެންވިޔަސް ބޮލުގެ ފުއްކިބައިގައި އަތްހާކާލާފައި އޭނާއަށް ތުންފިއްޔާލެވުނީއެވެ. އަދި އަނެއްއަތުން މޭގައި ޖަހާލަމުން ފިރުމާލިއެވެ. އަރުފީނު ގޮސް ގެއްލުމުން އޭނާގެ އަތުގައި އޮތް ޗޭނުކޮޅަށް ރުހައިލު ބަލާލިއެވެ.

“ތީ ހަމައެކަނި އަހަރެންގެ ރަޙުމަތްތެރިއެއްނޫން، މިހާރު އެއަށްވުރެ ގާތް… އަހަރެން މިހުރީހާކަމެއް ކުރާއިރު ވެސް އަރުފީނަށް އަހަރެންގެ ހިތުގައިވާ އެއްޗެއް ހަމަ ނޭގޭތަ؟” އަތުގައި އޮތް ޗޭނުކޮޅުގައި ފިރުމަމުން ރުހައިލު ވާހަކަދެއްކިއެވެ. އިރުކޮޅަކު އެހެން ހުރުމަށްފަހު އެނބުރި ކޮޓަރިއަށް ދާން ރުހައިލު ހިނގައިގަތެވެ.

* * * *

ނިދާފައި އޮތް ރުހައިލަށް އޭނާގެ ކޮޓަރިއަށް މީހަކު ވަންކަމެއް ނޭނގެއެވެ. ކުދިކުދި ގޯނާތަކުން އޭނާ ހޭއްލައްވަން މީހަކު މަސައްކަތް ކުރަމުން ދިޔައެވެ. މީގެ އާނާ ނިދާފައި އޮންނައިރު އުނދަގޫކުރަން ފަޒަލް ނޫނީ ނުވަންނާނެއެވެ. ކުދިކުދި ގޯނާތަކާއެކު އިހުސާސްކުރެވެމުން ދިޔަ ބީހުންތަކަކީ އަންހެންކުއްޖެގެ ފަރާތުން ލިބެމުން ދާ ގޯނާތަކެއްކަން ރުހައިލަށް އެނގުނެވެ. އަދި ނޭފަތުގައި މަޑުމަޑު ފޮނިކަމެއް އެކުލެވިގެންވި ވަހެއް ޖެހުމުން ވަކިން ބޮޑަށް ޔަގީން ކުރެވުނެވެ. ހުވަފެނީ ގޮތަކަށް ލޯހުޅުވާލުމުގެ ބަދަލުގައި ރުހައިލު ކަންފަތުގައި ހިފި އަތުގައި ހުޝިޔާރުކަމާއެކު ހިފާ އެނދުމައްޗަށް ވައްޓާލިއެވެ. ޝާރުދާ އަރުފީނު ފޮނުވީ ކަމަށް ރުހައިލަށް ހީކުރެވުނީ އޮޅުމަކުންކަން އެނގުނީ ތޫލި ހަޅޭކުގެ އަޑާއެކުއެވެ. ލޯ ތަންމިނަށް ހުޅުވާލުމާއެކު ރުހައިލުގެ އަތުގެ ތެރޭގައި އޮތް މީހަކު ދޫކޮށްލިއެވެ.

“ނައިރާ… މިތާ ކީއްކުރަނީ؟” ރުހައިލު އެނދުމަތީ އޮތް ފޮތިގަނޑު ގެނެސް އަންހެން ކުއްޖެއް ފަދައިން ހަށިގަނޑު ނިވާކުރަމުން ބުނެލިއެވެ. އެ މަންޒަރު ބަލަން ހުރި ނައިރާ ހޭންފެށިއެވެ.

“ވަޓް؟… މީ އަހަރެންގެ ކޮޓަރިއޭ، މިތަނަށް ވަނުމުގެ ހުއްދައެއް އެކަކަށް ވެސް ނޯންނާނެ” ރުހައިލު ހަރުކަށި ގޮތަކަށް ބުނެލިއެވެ. އެހެންނަމަވެސް ނައިރާއަށް ވީ މަޖާ ކަމަކަށެވެ.

“ރުހައިލުގެ މަންމަ އަހަރެން މިތަނަށް ފޮނުވީ، ބުނީ ގޮވާ ނަގާށޯ އެހެންނޫނީ މެންދުރުވާއިރު ވެސް ނުހޭލާނެއޯ، އެކަމަކު… އަހަރެންގެ އަތުގައި ހިފާ އެނދުމައްޗަށް ވައްޓާލި ގޮތުން ހާދަ ހީނުވެޔޭ މިކޮޓަރިއަށް މީހަކަށް ނުވަދެވޭހެން” ނައިރާ ވިސްނާލާފަދަ ގޮތް ދައްކާލަމުން ކޮލުގައި ޝަހާދަތް އިނގިލި ޖައްސާލައިގެން ހުއްޓެވެ.

“އަހަރެން އަދި ހޭލާކަށް ބޭނުމެއްނޫން” ރުހައިލު ބުނެލިއެވެ.

“އަހަރެން މިއައީ ރުހައިލު ހޯދަން ވެގެން، ރޭގަ ޕާޓީގަ ވެސް ދެ މީހުންނަށް ހަމަޖެހިލައިގެން ވާހަކަދައްކާލެވުނީއެއްނޫން، ކިހާ ދުވަހެއް ފަހުން އަހަރުމެން ދެމީހުން މި ދިމާވީ، ދެން ތެދުވެގެން ހިނގާބަލަ އަހަންނާއެކު” ނައިރާ ކުޑަކުއްޖެއް ފަދައިން ކުސްތަޅާލިއެވެ.

“ނައިރާ ދޭ، އަހަރެން ދާނަން” ނައިރާ ފޮނުވާލަން ވެގެން ރުހައިލު އަވަހަށް ބުނެލިއެވެ.

“ޕްރޮމިސްތަ” ނައިރާ ޔަޤީންކޮށްލިއެވެ. ރުހައިލު ބޯޖަހާލުމުން އެ ކޮޓަރިން ނައިރާ ނިކުތެވެ. އެހިނދު ދެއަތް ފުޅާކޮށްލާފައި އެނދުމައްޗަށް އުއްޑުން ރުހައިލު ވެއްޓިގަތެވެ.

“އަރުފީން… އަރުފީން…” ދެލޯ މަރާލަމުން މަޑުމަޑުން ރުހައިލު ކިޔާލިއެވެ.

ބޮޑުކޮޓަރިގައި ޝާރުދާއާ ވާހަކަދައްކަން އިން ނައިރާ ފުންމައިގެން ތެދުވުމުން ޝާރުދާ ވެސް ފަހަތަށް އެނބުރި ބަލާލިއެވެ. އޭރު އެ ދިމާއަށް ރުހައިލު އަންނަނީއެވެ. އޭނާގެ އިސްތަށިގަނޑުން އެ އައީ ހަމަ ދެންމެ ފެންވަރައިގެންކަން އެނގެއެވެ. އެހެންނަމަވެސް އެ މޫނުގައި އަދިވެސް ވަނީ ނިދީގެ އަސަރެވެ. އޭނާގެ ސަމާލުކަން ވަނީ އަތުގައި އޮތް ފޯނުގެ ސްކްރީނަށް ހުއްޓިފައެވެ. އެވަގުތުކޮޅު ވެސް އޭނާ އަވަހަށް މެސެޖުކޮށްލީ ޔުނިވަރސިޓީގައިވި އަރުފީނަށެވެ. އޭނާގެ ކުލާސްތައް ނިމުމުން ރުހައިލާއެކު ބޭރަށް ދިއުމަށް ދައުވަތު ދިނީއެވެ.

“މި އަންނަނީއޭ ބުނި މީހާ އަންހެންކުއްޖަކަށްވުރެ ލަހެއްނު” ނައިރާ އައިސް ރުހައިލުގެ ގާތުގައި ހުއްޓިލަމުން ބުނެލިއެވެ.

“ސައިބޯން މިދަނީ” ރުހައިލު ބަދިގެ ފަރާތާ ދިމާއަށް ދަމުން ބުނެލިއެވެ.

ނައިރާ އުންމީދުކޮށްގެން ހުރީ އަހަރުތަކަކަށްފަހު ރުހައިލާ ބައްދަލުވުމުން އޭނާހެން ރުހައިލު ވެސް ހުންނަނީ ހިތް އަވަސްވެފައި ކަމުގައެވެ. ނައިރާގެ ދިރިއުޅުމުގެ ކަންކަން ހޯދުމަށް ކެތްތެރިކަން ކުޑަވެފައި ކަމުގައެވެ. އެހެންނަމަވެސް ރުހައިލުގެ ޠަބީޢަތް ވަރަށް ތަފާތުކަން ނައިރާއަށް އެނގުނެވެ. އޭނާގެ ސަމާލުކަން ހޯދަން ނައިރާއަށް މަސައްކަތްކުރަން ޖެހުނެވެ. އެހެންވިޔަސް އޭނާ ހުރީ އެކަންކުރަން ތައްޔާރަށެވެ. ރުހައިލުގެ ސޫރަ ހިތުން ނެރެލުމަކީ ފަސޭހަކަމަށް ނައިރާއަކަށް ނުވިއެވެ. އެހެންވެ އޭނާގެ ހުރިހާ ވަގުތެއް ރުހައިލަށް ހުސްކޮށްލަން ބޭނުންވިއެވެ. އަނެއްކޮޅުން އޭނާގެ މަންމަގެ ފަރާތުން އިވިފައިވަނީ އޭނާގެ ހިތް މިހާރު އެންމެ ބޭނުންވާ ކަންތަކުގެ ޚަބަރެވެ. ރުހައިލަށް އެކަން ނޭނގޭކަން ވެސް ނައިރާއަށް އެނގެއެވެ. އެނގިއްޖެއްޔާ ނައިރާ ފަދައިން ރުހައިލު ވެސް އުފާވާނެބާއޭ ނައިރާގެ ހިތަށް އަރަމުންދިޔައެވެ.

“ރުހައިލު ހާދަ ތަފާތޭ މިހާރު” ރުހައިލުގެ ފަހަތުން ބަދިގެ ފަރާތަށް އައިސް ވަންނަމުން ނައިރާ ބުނެލިއެވެ.

“ނައިރާ ވެސް ތަފާތެއްނު، އެހެންނޫނަސް މިހާރު ކިތައް އަހަރުވެއްޖެ، އަހަރެން ވެސް ބޮޑުވާނެއެއްނު” ހެވިލާފައި ރުހައިލު ބުނެލިއެވެ. އަދި ހަމައެއާއެކު ބަދިގޭގައި އުޅުނު ވަރުޝާއަށް ސައި ހަދައި ދިނުމަށް އެދި ރުހައިލު އިޝާރާތްކޮށްލިއެވެ.

“ސެވެން އިޔާސް ދޯ ދެ މީހުން ނުފެނި މިވީ” ނައިރާ ވިސްނަމުން ވާހަކަދެއްކިއެވެ. ހީވީ ޔަގީން ނުވެ އިނދެ ބުނެލިހެންނެވެ.

“ނޭނގެ، ވަރަށް ގިނަ ދުވަސްވެއްޖެކަން އަހަންނަށް އެނގެނީ، އޭރު ހަމަގައިމު ވެސް މިހާރު ފެންނަހާ ރީއްޗެއް ނޫން” ސަމާސާކަން އެކުލެވިފައިވާ ގޮތަކަށް ރުހައިލު ބުނެލިއެވެ.

“އަހަރެން އެކަންޏެއްނޫން، ރުހައިލު ވެސް ރީތިވާން މަސައްކަތްކުރާކަން ތި ހަށިގަނޑަށް ބަލާލީމަ އެނގޭ” ނައިރާ އައިސް ރުހައިލުގެ ކައިރީ އިށީންނަމުން ބުނެލިއެވެ.

“އަހަރެން ފިޓުކޮށް ހުރުމަށް ކުރާ މަސައްކަތުން ރީތިވަންޏާ ވާންވީ… ރީތީއާ ރަނގަޅުތާ، އަންހެންކުދިން ގިނައިން ބަލާނެއެއްނު” ރުހައިލު ހީނލިއެވެ. އެއާއެކު ކައިރީގައި އިން ނައިރާ ވެސް ރުހައިލުގެ ކޮނޑުގައި ޖަހާލަމުން ހޭންފެށިއެވެ.

“ރުހައިލު، ހިނގާ ހަވީރު ބޭރަށް ނިކުމެލަން، ފަޒަލް ވެސް ގޮވައިގެން ދާނީ” ނައިރާ ބޭނުންވީ ރުހައިލު އާއެކު ވަގުތުކޮޅެއް ހޭދަކުރާށެވެ. ރުހައިލުގެ ހިތާ ހަމައަށް ވާސިލުވުމަށްޓަކައެވެ.

“މިއަދު…. މިއަދު ކުޑަކޮށް ބިޒީ، މާދަމާ ކިހިނެއްވާނީ، ހަވީރު އެބަޖެހޭ ފްރެންޑެއް ކައިރިއަށް ދާން، ނައިރާ ކުދިން ބުނި ނަމައެއްނު” ކާން އިނދެ ރުހައިލު ވާހަކަދެއްކިއެވެ.

“އޯކޭ، އެހެންވީމަ މާދަން ދޯ، މާދަން ވެސް އަންނާނަން ރުހައިލަށް އުނދަގޫކުރަން، އަހަރެން މާލެ އައިސް ކުރާނެ ކަމެއް ނޯވޭ، ކުރީގެ ރަޙުމަތްތެރިންތައް މުޅިން ގެއްލިއްޖެ، ހަމައެކަނި ހުރި މީހަކީ ތީ… އެހެންވީމަ އުނދަގޫކުރަން ވެސް އާދެވޭނީ ރުހައިލުގެ ގާތަށް، ޝާރުދާ އާންޓީ އޮތީ އަހަންނަށް ހުއްދަ ދީފައި، ބޭނުން ކޮންމެ ގަޑިއަކު މިގެއަށް ވަދެވޭނެކަމަށް، އަހަރުމެން ދެމީހުން ކުޑައިރުގައި އުޅުނުހެން ހުރިހާ ވަގުތެއް އެކުގައި ހޭދަކުރަން އަހަރެން ބޭނުން، ރުހައިލު ވެސް ހުރީ ކިޔަވާ ނިމިފައި ކަމަށް މަލީކު އަންކަލް އަހަރެންގެ ބައްޕަ ގާތު ބުނި، އެހެންވީމަ ހުސްވަގުތު އޮންނާނީ ގިނަވެފައި” ނައިރާ އެއްފައި މައްޗަށް އަނެއްފައި އަރުވާލަމުން ކުރިއަށްވުރެ ރުހައިލްއާ ގާތަށް ޖެހިލިއެވެ. އަދި ރުހައިލުގެ އަތުކުރީ އޮތް ގަޑީއާ ނައިރާގެ އިނގިލި ކުރިން ކުޅެމުން ދިޔައެވެ.

“އޯކޭ…” ރުހައިލުގެ ޖަވާބު ކުރުވެފައި ސާދާއެވެ. އޭނާ އެހެން ބުނެލީ އެއްވެސް ވިސްނުމަކާ ނުލައެވެ. އެހެންވިޔަސް ނައިރާގެ ތުންފަތުގައި ރުހައިލުގެ އެ ޖަވާބުން ހިނިތުންވުމެއް ދުވެލިތަން ފެނިގެން ދިޔައެވެ.

ކުލާސްތައް ނިންމާފައި ޔުނިވަރސިޓީއިން އަރުފީނު ނިކުން އިރު ގޭޓު ކައިރީ ޖިންސުގެ އަރިމަތީ ޖީބަށް ދެއަތްތިލަ ކޮށްޕާލައިގެން ހުރި ރުހައިލު އަރުފީނުގެ ލޮލުގައި އަޅައިގަތެވެ. އޭނާ ނޫނަސް އެތަނުން ނިކުން އެތައް އަންހެން ކުދިންނެއްގެ ލޮލުގައި ރުހައިލު އަޅައިގަތެވެ. ކާކީ ޖިންސާއި ރަތްކުލައިގެ ގޮޅިޖެހި ގަމީހުގައި ރުހައިލު ހުރިއިރު އޭނާގެ ދެލޯ ވަނީ އަވި އައިނުން ފޮރުވާލެވިފައެވެ. ގަމީހުގެ ގިރުވާނުން ތިރިއަށް ހުރި ދެގޮށް ނާޅުވާ ހުރުމުން ރުހައިލުގެ މޭމަތިން ބައެއް ހާމަވެފައި ވެއެވެ. އެ ދިމާލުން ފޯނުގެ ހެޑްސެޓު ނެރެ ގަމީހުގެ ބޭރަށް ވާގޮތަށް އެލުވާލާފައި އޮތެވެ. ފިރިހެންވަންތަ އެކުލެވިގެންވި ހިނިތުންވުމެއް ރުހައިލުގެ ތުންފަތުގައި ދުވެލުމާއެކު އޭނާ އައީ އަރުފީނާ ދިމާއަށެވެ. އެތަން ފެނި އަރުފީނުގެ ނޭވާ ތާށިވާގޮތްވިއެވެ. އަދިވެސް ޤަބޫލުކުރަން ދަތިވަނީއެވެ. ރުހައިލު ކަހަލަ ހުރިހާ ގޮތަކުން ފުރިހަމަ ފިރިހެނަކާ ގާތް ގުޅުމެއް އުފެދުނީތީއެވެ. އަރުފީނުގެ ސިފަ ހުތުރު ކަމަށް އެތަށް ފިރިހެން ކުދިންނެއްގެ ދުލުން ބުނާ އަޑުއިވިފައި ވާއިރު ވެސް ރުހައިލަށް އޭނާގެ އެ ސިފަ ނުފެންނަންވީ ސަބަބެއް އަރުފީނަކަށް ނޭނގުނެވެ. އޭނާ ކުރިން ދިމާކުރުމުގެ ގޮތުގައި އެކި ނަންނަމުން އަރުފީނަށް ގޮވި ނަމަވެސް މިހާރު އެ ނަންނަމުން ރުހައިލު ގޮވާލާއިރު ޖަޒުބާތީ ގޮތެއް އެކުލެވިފައި ހުންނަކަން ޚުދު އަރުފީނަށް ވެސް ފާހަގަވެއެވެ. އޭގެ އިތުރުން އޭނާގެ ނިތްކުރީގައި ޝަހާދަތްއިނގިލި ޖައްސާ ކޮށްޕާލާ ގޮތުން ހީވަނީ ރުހައިލުގެ ހިތުގައި އަރުފީނަށްޓަކައި އުފެދިފައިވާ އިހުސާސްތައް އޮބިނޯވެގެން ގެންނަ ހަރަކާތެއްހެންނެވެ.

“ހާއި… ލެޓްސް ގޯ” ހުއްޓުން އަރާފައި ހުރި އަރުފީނުގެ ކަންފަތްދޮށަށް ކުޑަކޮށް ގުދުވެލަމުން ސިއްރުން ރުހައިލު ބުނެލިއެވެ.

މަޑު ހިނގުމެއްގައި ދެ ޒުވާނުން ހިނގާފައި އައިސް ވަނީ ޖޭޒް ކަފޭ އަށެވެ. މާލެ އައި ފަހުން އެ ފަދަ ތަނަކަށް އަރުފީނު ވަން އެއީ ފުރަތަމަ ފަހަރެވެ. އެހެންވެ ވާހަކައެއް ދައްކަން ވެސް ނޭނގިފައި އޭނާ އިނީ ކުޑަކޮށް ހާސްވެފައެވެ. އެ މީހުންގެ މޭޒު ދޮށަށް ވައިޓަރަކު އައުމުން ރުހައިލު އޯޑަރ ދީފައި އަރުފީނަށް ބަލާލިއެވެ.

“ހާދަ ބިރުން ތި އިންނަނީ، ހަމަ ޖެހިލަބަލަ” ރުހައިލު ބުންޏެވެ.

“ކީއްކުރަން މިތަނަށް އައީ؟” އަރުފީނު މިހެން އަހާލީ ރުހައިލުގެ މޫނަށް ބަލަހައްޓައިގެން އިނދެއެވެ. ހީވަނީ ރުހައިލުގެ ފަރާތުން ކަމެއް ދެނެގަންނަން މަސައްކަތްކުރާހެންނެވެ.

“އަހަންނަށް އަހަރެންގެ ގާލްފްރެންޑް ގޮވައިގެން ބޭރަށް ދާން ވަކި ރީޒަންއެއް އޮންނަން ޖެހޭތަ؟” ރުހައިލުގެ ވާހަކަ ހުންނަ ގޮތުން އަރުފީނަށް އެއްވެސް އެއްޗެއް ނޭނގުނެވެ. ރުހައިލުގެ ހިތުގައިވާ އެއްޗެއް އޮޅުން ފިލުވަން އަރުފީނު ވަނީ ކެތްތެރިކަން ކުޑަވެފައެވެ. އެހެންވިޔަސް ރުހައިލުގެ ވާހަކަތަކާއި ހަރަކާތްތަކުން ފޮރުވިފައިވަނީ ކީކޭކަން ދެނެގަންނަން ފަސޭހައެއް ނުވިއެވެ.

“އޯ… އަޅައިގެންތަ ތިއުޅެނީ” ކުއްލިއަކަށް ރުހައިލުގެ އަތުގައި އަރުފީނު ދިން ޗޭނުކޮޅު އޮއްވައި ފެނުމުން ބުނެލިއެވެ.

“އަޅާކަށް ނޫންތަ ދިނީ، ޚާއްޞަ މީހުން ދޭ އެއްޗެހި ޚާއްޞަވާނެ ދޯ، މިހާރު މީ އަހަރެންގެ ހަށިގަނޑުގެ އެއްބައި، ދެން ވަކިކޮށްލަން ފަސޭހައެއްނުވާނެ…. ހެޔޮ އަރުފީނު ބޭނުންވިޔަސް، އެކަމެއް ނުވާނެ” ހިނިއައިސްފައި އިނދެ ރުހައިލު ބުނެލިއެވެ.

އަރުފީނު އެތައް ވާހަކައެއް ދެއްކިއިރު ވެސް އޭނާއަށް އެއްވެސް ކަމެއް އޮޅުމެއް ނުފިލިއެވެ. ދޭތެރެއަކުން ރުހައިލު އިނދެފައި މޭޒުމަތީ އޮތް އަރުފީނުގެ އަތުގައި ހިފާ ދަމައިގަނެވެ. އަނެއްބައިފަހަރު އަރުފީނުގެ އަތްތިލަ އޭނާގެ އަތުގެތެރެއަށް ލައިގެން އިނދެދާނެއެވެ. އެހެން އިނދެ އަރުފީނުގެ އިނގިލިތައް އޭނާގެ އިނގިލިތަކުގެ ދޭތެރެއަށް ހަމަކޮށްލުމާއެކު ދެއަތްތިލަ ޖައްސާ ބާރުކޮށްލައެވެ.

(ނުނިމޭ)

Leave a Comment

Your email address will not be published. Required fields are marked *