HUREEME THIHITHUN JAAGA DHEYTHO [Part – 06]

“ހުރިހާ ކަމެއް ވެސް އިރާދަކުރެއްވިއްޔާ ރަނގަޅުވާނެ، އަހަރެން އެންމެ ފަހު ބަހަކަށް ވެސް ރުހައިލު ގާތު ބުނަން ބޭނުންވަނީ، އޮޅިގެން ވެސް ފަހުން ހިތާމަ ކުރަންޖެހޭ ވަރު ކަމެއް ނުކުރައްޗޭ، އަރުފީނަށް ވެސް އޭނާގެ ނަފުސު ވީއްލިގެންދާވަރުގެ ކަމެއް ކުރުމަށް ރުހައިލު އޭނާއަށް މަޖުބޫރުކޮށްގެން ނުވާނެ…. ލޯތްބަކީ އެއަށްވުރެ މާ މާތް، ތާހިރު އިހުސާސެއް، ނުބައިކަމެއް ކުރަން ހިތައް ނާރުވާތި” ފަޒަލް ނަޞޭޙަތްތެރިވިއެވެ. ރުހައިލު އިންގޮތަށް އިނީއެވެ. ނަމަވެސް ފަޒަލް މޭޒު ދޮށުން ތެދުވިއެވެ. އަދި އަތުކުރީ އޮތް ގަޑިއަށް ބަލާލާފައި މަލީކުގެ ކައިރިއަށް ގޮސްފައި އަންނާނަން ކަމުގައި ބުންޏެވެ.

* * * *

ކެބިންގެ ހުޅުވާފައި ހުރި ބިއްލޫރި ދޮރުގައި ޓަކި ޖަހާލަމުން ފަޒަލް ސަލާން ގޮވާލިއެވެ. އެއާއެކު ކަރުދާސްތަކެއްގައި ސޮއިކުރަން އިން މަލީކު އިސްއުފުލާލާފައި ފަޒަލްއަށް އިޝާރާތްކުރީ އެތެރެއަށް ވަނުމަށެވެ.

“ދޮރުލައްޕާލާ…” ފަޒަލް އެތެރެއަށް ވަދެގެން އަންނަން ފެށުމުން މަލީކު ބުނެލިއެވެ.

“ކިހިނެއްތޯވީ އަންކަލް” ކެބިންގެ ދޮރު ލައްޕާލާފައި ފަޒަލް އައިސް މަލީކުގެ މޭޒު ކުރިމަތީ ހުރި ގޮނޑީގައި އިށީނެވެ.

“ފަޒަލްގެ ކައިވެނި ވެސް ހަމަޖެހިފައި އޮތީ ރުހައިލުގެ ކައިވެނި ކުރާ ރޭ، ޝުޢައިބު އެކަމާވަނީ އެއްބަސް ވެސް ވެފައި، ތަންކޮޅެއް އަވަސްކަން އެނގޭ، އެހެންވިޔަސް ފަޒަލްގެ މައްސަލައެއްނެތްކަމަށް ޝުޢައިބު ބުނި، ޝުޢައިބު ބޭނުންވަނީ ރަންކިއުމުގެ ޙަފުލާ މާދަމާ ނޫނީ މާދަންނޫން އަނެއްދުވަހު ބާއްވަން، މިލާންމެން ގޭގައި ބޮޑު ޙަފުލާއެއް ބާއްވާނެހާ ތަންނެތީމަ ގޭގައި އެކަން ކުރުމަށް ހުރިހާ ކަމެއް ވަނީ ހަމަޖައްސާ ނިމިފައި، ޝުޢައިބު ބޭނުންވޭ އެންގޭޖުމެންޓު ރިންގް އެކްސްޗޭންޖު ކުރުން ރަނުގެ ފަހުން ކުރިއަށް ދާން” މަލީކުގެ ވާހަކަދައްކަމުން ކުޑައިރުކޮޅަކަށް މަޑުކޮށްލިއެވެ. އެއާއެކު ފަޒަލް ވާހަކަދައްކަންފެށިއެވެ.

“އަޅުގަނޑު ގާތު ބައްޕަ ބުނުއްވި ހުރިހާ ވާހަކައެއް، އެކަމަކު ރިންގް އެކްސްޗޭންޖު ކުރާ ވާހަކައެއް ނުބުނުއްވާ… އަޅުގަނޑުގެ ފަރާތުން އަންކަލް ބޭނުންވެލައްވަނީ ކޮންކަމެއްތޯ؟” މަލީކު ބުނަންއުޅެނީ ކީކޭކަމެއް ފަޒަލްއަށް ނޭނގިފައި އިނދެ ބުންޏެވެ.

“ފަޒަލް…. ފަޒަލްއަށް އަންކަލްގެ ފަރާތުން ދޭ ހަދިޔާއެއްގެ ގޮތުގައި އެންގޭޖުމެންޓު ރިންގު ދޭން ބޭނުންވަނީ، އެހެންވެ ފަޒަލް ގޮވައިގެން ރިންގު ފައިނަލް ކުރަން ދާންވެގެން މިގެނައީ” މަލީކުގެ ވާހަކަ ހުރި ގޮތުން އޭނާ ސީދާ ބުނަން ބޭނުންވެގޭ އުޅޭ ވާހަކައާ ހަމައަށް ދިއުމަށް މަގުކޮށަމުން ދާ ކަހަލައެވެ. ކުއްލިއަކަށް ބުނުމުން ފަޒަލް ސުވާލު އުފެދި މަލީކުގެ ވާހަކަ އެހާ ސީރިއަސްކޮށް ނަގާކަށް އޭނާ ބޭނުމެއްނުވެއެވެ. އެހެންނަމަވެސް މަލީކު ބުނަން ބޭނުންވެގެން އުޅޭ ވާހަކައަކީ ވަކި މުހިންމުކަން ކުޑަ ވާހަކައެއް ވެސް ނޫނެވެ. ރޭގެ ނިދި ވެސް އޭނާގެ ލޮލުން މަހުރޫމު ކުރުވި ވާހަކައެއް ދައްކަން އޭނާ ތައްޔާރުވަމުން އެ ދަނީ ވަރަށް ވިސްނައިގެން ލަސްލަހުންނެވެ.

“ރުހައިލު އަންނަން ހުއްޓަ އަޅުގަނޑު އެކަނި އަންނާށޭ އަންކަލް ބުނުއްވީމަ ހީކުރެވުނީ ކަމެއްވީކަމަށް” މަލީކުގެ މޫނުމަތިން އޭނާ ސިއްރުކުރަމުންދަނީ ކޮންކަމެއްކަން ދެނެގަންނަން ބޭނުންވެފައި އިންހެން އެ މޫނަށް ނަޒަރު ހުއްޓާލައިގެން އިނދެ ފަޒަލް ބުންޏެވެ.

“އިތުރު ކަމަކު ވެސް ކިޔަންވެފައި އޮތީ، ފަޒަލް ކޮށްދޭންވީ ކަމަކީ ރުހައިލު އާއި ނައިރާގެ ކައިވެނި ކުރެވެންދެން ރުހައިލު އާއިއެކު ރޭގަނޑު ވަގުތު ހޭދަކޮށްދޭންވީ، ކިޔަވަންދާން ނުޖެހޭތީ އެހާ އަވަހަށް ނިދާހެނެއް ބޭބެއަކަށް ހިޔެއްނުވޭ، މިހާރު ފަޒަލް ވެސް ނުފެނީ ރޭގަނޑުގަޑީގައި ބޭބެމެންގޭ ތެރެއަކުން، އެކުގައި ވަގުތު ހޭދަކުރެވޭނީ މިހާރު، މީހުންނާ އިނީމަ ބޭނުންވިޔަސް ރަޙުމަތްތެރިންނާއެކު އުޅޭނެ ވަގުތު އޮންނާނީ ނުލިބަ، އެހެންވީމަ ކައިވެންޏަށް މިއޮތް ކުޑަދުވަސްކޮޅުގެ ތެރޭ ބޭބެ ބޭނުންވަނީ ރޭގަނޑު ރުހައިލުއާއެކު ފަޒަލް އުޅެން، ފަޒަލް ދާ ކޮންމެ ތަނަކަށް ކުރާ ކޮންމެ ކަމެއްގައި ރުހައިލު ބައިވެރިކޮށްގެން އުޅުން، އެކަނިވީމަ އޭނާ ހުންނަނީ ފޫހިވެފައި ހެން ވަރަށް ބޮޑަށް ބޭބެއަށް ހީވޭ…. މިކަން ކޮށްދެވިދާނެތަ؟” މަލީކު ވަރަށް ވެސް ދުރުން އޭނާ ބޭނުންވާ ކަންތައް ކޮންމެވެސް ވަރަކަށް ފަޒަލްއަށް ބުނެދިނެވެ. ކޮންމެ ގޮތަކުން ވެސް ރުހައިލު އާއި އަރުފީނު ބައްދަލުނުވުން އެއީ މިވަގުތަށް މަލީކު ކުރަން ބޭނުންވާ އެންމެ މުހިންމު ކަންތަކެވެ.

“ލައްބަ…” ފަޒަލް އިތުރަށް ސުވާލުކުރާކަށް ވެސް ނުހެދިއެވެ.

“ހިނގާ ދަމާ ދޯ… ރިންގް ޑިޒައިންއާ ސްޓޯން ފައިނަލް ވީމަ ފަޒަލް ގެއަށް ދިޔަޔަސް އެންމެ ރަނގަޅު، އެކަމަކު ބޭބެ މި އެދުނު ކަންތައްކޮށްދޭންވާނެ، ރުހައިލު ގާތު ނުބުނާތި ބޭބެ ބުނެގެންނޭ ފަޒަލް ރޭގަނޑު އަންނަންފެށީ” މަލީކު ގޮނޑިން ތެދުވެގެން އޭނާގެ ކެބިންއިން ނިކުންނަން ދަމުން ބުނެލިއެވެ.

“އެހެންވީރު އަޅުގަނޑު ގެއަށްދާނީ ދެތިން ގޭމް ގަނެގެން” ފަޒަލް، މަލީކުގެ ވާހަކައަށް ތާއީދު ކުރާކަން ދައްކާލިއެވެ.

މަލީކު އާއި ފަޒަލް ރަންވިއްކާ ފިހާރަތައް ބަލަމުން ދަނިކޮށް އެމީހުންނާ ޝުޢައިބު ވެސް ބައްދަލުކުރިއެވެ. އަދި ވަރަށް ވަރަށް އަވަހަށް ބޭރަށް ފުރަންވީ ކަމުގައި ޝުޢައިބު ބުންޏެވެ. ކައިވެންޏަށް ބޭނުންވާނެ އެއްޗެހި ގަތުމަށް މާކުރިން ވެސް މެހެނާޒުގެ އެދުމުގެ މަތިން ދަތުރު ރާވާފައިވާކަން ޝުޢައިބު ބުނެލިއެވެ. ފަޒަލް އޭނާގެ ލޮލަށް ހަދާލިގޮތުން ހީވީ ބޮލަށް އެނބުރުން އަރައިގެން އުޅުނު ހެންނެވެ. އެހެންނަމަވެސް މެހެނާޒުގެ ގޮތްގަނޑު ބޮޑުކަން އެނގި ފަޒަލްއަށް އެހެން ހަދާލެވުނީއެވެ. ގަސްދަކާ ނުލައެވެ.

* * * *

އެނބުރި ގެއަށް އަންނަން ބޭނުންނުވެފައި އަރުފީނު ޔުނިވަރސިޓީގެ ބެންޗުގައި ފޮތެއް ހުޅުވާލައިގެން އިނެވެ. އިސްޖަހާލައިގެން ފޮތުގެ ތެރެއަށް ނަޒަރު ހުއްޓާލައިގެން އިނެއްކަމަކު އޭނާއަށް ކުރިމަތީ އޮތް ފޮތް ވެސް ވަކިނުވެއެވެ. ތަކުރާރުކޮށް ކަންފަތުގެ ތެރޭ ގުގުމަމުން ދިޔައީ މަލީކުގެ ބަސްތަކެވެ. އަތުގައި ބެންޗުގައި ވިއްދާލައިގެން އިން އަތުގައި އަރިކޮށްލާފައިވާ ބޯ ޖައްސާލައިގެން އިން އިރު އަނެއްއަތުގައި އޮތް ފަންސޫރުން ފޮތުގެ މަތީ ކަނުގައި ލިޔެވެމުން ދިޔައީ ރުހައިލުގެ ނަމެވެ. އެކި ގޮތްގޮތަށް އެކި ފަހަރު މަތިން ރުހައިލުގެ ނަން ލިޔެ މަތިމަތިން ފަވަމުން ދިޔައެވެ. ދޭތެރެއަކުން ވަރަށް ޖެހިލުންވެފައި އިން ކަހަލަ ގޮތަކަށް ސިއްރުން އުޅޭ މީހަކު ގޮތަށް ރުހައިލުގެ ނަން ކައިރީ ކުދިކުދި އަކުރުތަކަކުން އަރުފީނުގެ ނަން ޖަހާލައެވެ. އެއަށް ބަލަހައްޓައިގެން އިނދެފައި އެހާމެ އަވަހަށް އަރުފީނުގެ ނަން ފަންސޫރުން ކުރަހައި ގަންނަމުން ކަނޑާލައެވެ.

“އާރގް…. ތިވަރަށް އުނދަގޫ ކުރަންޏާ އަހަރެން ކިހިނެއް ރުހައިލާ ދުރަށްދާނީ، އޭރުން ނައިރާއަށް ވާނީ ކިހިނެއް، ޝާރުދާ ދައްތަ އާއި މަލީކުބެ ބުނާނީ ކީކޭ… ޕްލީޒް ރުހައިލު” ފޮތް ކައިރީ އޮތް ފޯނު ވައިބްރޭޓް ވާން ފެށުމުން އަރުފީނު ފޯނަށް ބަލާލާފައި ވައިއަޑުން ބުނެލިއެވެ. އޭނާ ފޯނު ބިޒީކޮށްލާފައި އިސްއުފުލާ މައްޗަށް ބަލާލިއެވެ. އެންމެހާ އަޅުތަކުންނަށް ހިތްވަރުދެއްވާ ސާބިތުކަންމަތީ ދަމަހައްޓަވާ ރަސްކަލާނގެ ވާގިފުޅަށް އެދޭ މީހަކު ފަދައިންނެވެ.

“ދުރުގައި ހުންނާށޭ ބުންޏަސް ދުރުގައި ހުންނަނީއެއްނޫން، އަހަރެން ދުރުގައި ހުންނަން މަސައްކަތްކުރީމަ އެކަން ވެސް ވިޔަދެނީކީ ނޫން… އޯ ގޯޑް… މި ރުހައިލު… މަލީކުބެއަށް ކަމެއް ނޭނގޭނަމަ އެކަހަލަ ވާހަކައެއް ނުދައްކާނެ، އަހަންނާ ބެހޭގޮތުން ބައްޕަ ލަދުވެތިވާންޖެހޭ ވަރުގެ ވާހަކައެއް އަޑުއަހަންޖެހޭތަން ދުށުމީ ކެތްވާނެކަމެއްނޫން… ވަޓް ޓު ޑޫ” އަރުފީނު ދެ އަތުން ނިތްކުރީގައި ހިފަހައްޓާލިއެވެ.

ބަނޑުހައިކަން ވެސް އަރުފީނަށް އިހުސާސް ނުވެއެވެ. ވަގުތު ދާ ގޮތް ވެސް ބަލަން އޭނާ ބޭނުންނުވެއެވެ. އިންތަނުން ތެދުވާކަށް ވެސް ބޭނުމެއްނުވެއެވެ. ދޭތެރެއަކުން ފޮތްމަތީ ދެއަތް އަޅާލުމާއެކު ބޯޖަހާލައެވެ. އެހެންނޫނީ ފިކުރު ބޮޑުވެފައި އިނދެއެވެ. އެގޮތަށް ފޮތްމަތީ އަތްއަޅުވާލައިގެން ބޯޖަހާލައިގެން އޮވެފައި ބޯ ހިތްލާލި އިރު ބެންޗުގެ އަނެއްފަރާތުގައި އަރުފީނާ ކުރިމަތިވާގޮތަށް ދަތްދޮޅީގައި އެއްއަތް ވިއްދާލައިގެން ރުހައިލު ހިނިތުންވެލައިގެން އިންތަން ފެނުނެވެ. ހޭލާހުއްޓާ ހުވަފެނެއް ފެނުނީ ކަމެއް ނޫނީ ބޯޖަހާގައި އޮއްވާ އަރުފީނަށް ނިދިފައި، އެ ނިދިން ނުހޭލެވެނީ ކަމެއް އޭނާއަކަށް ދެނެގަންނާކަށް ނޭނގުނެވެ. ހިތަށް ފިނިވެގެން ދިއުމާއެކު ހަށިގަނޑުގައި މަޑުރާޅުބާނިތަކެއް އުފެދުނު ކަހަލައެވެ. ހުވަފެނެއްނަމަ ހޭލާކަށް އަރުފީނު ބޭނުމެއްނުވިއެވެ. އެހާ ކައިރިން ރުހައިލު ފެންނަ ކޮންމެ ފަހަރަކު އޭނާގެ ހިތް އަވަސްވެއެވެ. މޮޔައަކު ފަދައިން ހިނިތުންވެލައިގެން އިނދެ ރުހައިލުގެ ލޮލަށް ބަލަމުން ދިޔައެވެ.

“ސަންތި… ސަންތި…” ރުހައިލު ލޯބިން ގޮވާލަ ކޮންމެ ފަހަރަކު ބޭއިޚްތިޔާރުގައި ގެއްލިފައި އިނދެ އަރުފީނަށް ހޫން ލައްވާލެވެއެވެ. ރުހައިލު، އަރުފީނަށް ގޮވާލާ ކޮންމެ ފަހަރަކު އެ ދެ ތުންފަތް ހަރަކާތްކުރާ ގޮތަށް އަރުފީނު ބަލަން އިނެވެ. އަދި މަޑުމަޑުން ދަމާލި އަތްތިލައިގެ އިނގިލިތަކުން ރުހައިލުގެ ތުންފަތުގައި ޖައްސާލިއެވެ.

“އަރ ޔޫ އޯކޭ… އަރުފީނު… މީ ޔުނިވަރސިޓީއޭ” ވަށައިގެން ހޯދާ ލަމުން ރުހައިލު މިހެން ބުނެ އަރުފީނުގެ އަތުގައި ހިފާ ތަޅުވާލިއެވެ.

“ރުހައިލު….” ވަގުތުން ހަށިގަނޑު ތެދުކޮށްލުމާއެކު އަރުފީނު ވެސް ވަށައިގެން ހޯދާލިއެވެ. ލޯ މަރާ ހުޅުވާލިއެވެ. އޭނާގެ ކުރިމަތިން ރުހައިލެއް ނުގެއްލުނެވެ. ކުރިން ވެސް އިންގޮތަށް ރުހައިލު ފެންނަން ހުއްޓެވެ. ހުވަފެނީގޮތެއްހެން ހީވި ނަމަވެސް ހަޤީޤަތުގައި ރުހައިލު އޭނާ ކުރިމަތީ އިންކަން އެނގުމުން އަރުފީނު ހާސްވިއެވެ.

“ލަސްވެގެން މިއައީ ބަލާ، ކާރު އެބައޮތް ޕާކިން ޒޯންގައި، ހިނގާ ގެއަށް” އަރުފީނުގެ އަތުގައި ހިފާލަމުން ރުހައިލު ބުންޏެވެ.

ނިކަން އަވަހަށް ރުހައިލުގެ އަތުން އަރުފީނު އަތް ދަމައިގަތެވެ. އަދި އަވަސްއަރުވާލާފައި ފޮތް ލައްޕާލަމުން ދަބަސް ނަގާ ކޮނޑުގައި އަޅުވާލިއެވެ. އަދި ރުހައިލަށް ވުރެ ކުރިން ހިނގައިގަތެވެ. އޭނާގެ ފަހަތުން ކުޑަކޮށް ދުވެލާފައި އައިސް ރުހައިލު އެއްވަރު ކުރިއެވެ.

“މިހާރު ކިހިނެއްވީ؟ ރުޅި އައީތަ؟” ހައިރާންވެފައި ރުހައިލު ސުވާލުކުރިއެވެ.

“ރުހައިލު ކީއްކުރަން ތިއައީ؟” ރުހައިލަށް ބަލާލުމެއްނެތި އަރުފީނު ވާހަކަދެއްކިއެވެ.

“ހަމަ އަންނަން ބޭނުންވެގެން، އަރުފީނު ނުފެނި ގިނަ އިރުވެގެން ނުހުރެވިގެން މިއައީ، ކީއްވެފަތަ ބެންޗުގަ ތިއިންނަނީ، ކުދިން އެހާ މަދު، އަހަންނަށް އެނގޭ އެއްވެސް މަސައްކަތެއްނެތްކަން، އެހެންނޫންނަމަ އަރުފީނު އިންނާނީ އަރާ ލައިބްރަރީގައި” ދެއަތް ހޫރަމުން ދިއުމުގެ ބަދަލުގައި ރުހައިލު އޭނާގެ ޖިންސުގެ އަރިމަތީ ޖީބަށް ދެއަތް ކޮށްޕާލިއެވެ.

” ކޮންމެހެން މިތަނަކަށް ނަޔަސް، އަހަރެން ގެއަށް ދިޔައީމަ ރުހައިލްއަށް ފެންނާނެ އެއްނު” އިސްޖަހާލައިގެން ހުރެ އަރުފީނު ވާހަކަދެއްކީ ދެދަތްޕިލާ ޖައްސާ ބާރުކޮށްގެން ސިއްރުންނެވެ.

“ކިހިނެއްވެފައި އަރުފީނަށް ތިހުރީ، ހާދަ މޫޑު ގޯސްވެފައި، މީހަކު އެއްޗެއް ބުނީތަ؟ މަށާ ކައިރީގައި ހުންނަން ވެސް ބޭނުންނުވަނީތަ؟ މީހަކަށް ފެނިދާނެތީތަ؟” ރުހައިލު ވެސް ހައިރާން ވިއެވެ. ސަމާސާ ގޮތް ދޫކޮށްލާ ސީރިއަސްވެލިއެވެ.

“މަންމަ ކައިރީ އަރުފީން ކޮބާހޭ އަހާލީމަ ބުނީ އަދިވެސް ނާދޭ ގެއަކަށް، މަންމަ އަރުފީނު ބަލާ ފޮނުވަން އުޅުނީމަ އަހަރެން ކާރުގައި މިއައީ، ސޯ ޕްލީޒް… ރުޅިމަޑުކޮށްފައި އަހަންނާއެކު އާދޭ ގެއަށްދާން” ރުހައިލު ހަރުކަށި ގޮތަކަށް އެހެންނަމަވެސް މަޑުމަޑުން ބުނެލިއެވެ.

ޕާކިން ޒޯންގައި އޮތް ކަނޑުނޫކުލައިގެ ކާރަށް އަތުގައި އޮތް ރިމޯޓު އަމާޒުކޮށްލާފައި ރުހައިލު އެއަށް ފިތާލިއެވެ. އަދި އަވަހަށް އައިސް ކާރުގެ ކުރީ ދޮރުފަތް ހުޅުވާލަމުން އަރުފީނު އަރަން ތަންދެއްކިއެވެ. ހައިރާންވެފައި ކާރަށް ނާރާ އަރުފީނު ހުއްޓެވެ.

“މީ އަހަރެންގެ ކާރު، މިއަދު ބައްޕަ ގެނެސްދެއްވީ، އެންމެ ފުރަތަމަ ވެސް މިއައީ އަރުފީނު ގޮވައިގެން ދުއްވާލަންދާން، ޕްލީޒް… ދެން ތިހެން ނުހުރެ އަރާބަލަ، މީހުން ވެސް ބަލަން ފަށައިފި، އިރުކޮޅަކުން ޓްރެފިކްގެ ބާރު ބޮޑުވާން ފަށާނެ” ރުހައިލު ދެފަރާތައް ބަލާލާފައި އަރުފީނަށް ނަޒަރު ހުއްޓާލިއެވެ. ރުހައިލުގެ ދުލުން ބައްޕައޭ ބުނުމުން ވެސް އަރުފީނުގެ ހަށިގަނޑުގައި ހުރި ލޯލިތައް ކޮޅަށް ޖެހިގެން ދިޔައެވެ. ނަމަވެސް އެއްއަތުން ކަނދުރާގައި ފިރުމާލާފައި އައިސް ރުހައިލު ހުޅުވާފައި ހުރި ދޮރުން ކާރަށް އަރައި ހަމަޖެހިލިއެވެ.

ލުއިލުއި މީރު ވަހެއް ކާރުގެ ތެރޭގައި ހަރުލާފައި ހުއްޓެވެ. އޭސީގެ ފިނިކަމުން ހަށިގަނޑަށް އަރާމުކަމެއް އިހުސާސްވެގެންދިޔައެވެ. ގޮނޑީގެ އިށީންނަ ބައިގައި އޮތް މަޑުމަޑު ކެހެރިގަނޑެއް ކަހަލަ މެޓުން ސީޓުގައި ހަމަޖެހިލައިގެން އިނުން އިތުރަށް ފަސޭހަވެގެންދިޔައެވެ. ސިއްރުން ކަހަލަ ގޮތަކަށް ލޮލުގެ ހިމަކޮޅުން ޖެހިގެން އިން ރުހައިލަށް އަރުފީނު ބަލާލިއެވެ. ލުއި ހިނިތުންވުމަކާއެކު ހުންގާނު ބުރުގައި އެއްއަތުން ހިފަހައްޓާލައިގެން އަނެއްއަތުން ގިއަރުގެ މުއްގަނޑުގައި ހިފަހައްޓާލައިގެން އޭނާ އިނީ ނިކަން ހަމަޖެހިފައި އިންހެނެވެ.

“ސަޅި ދޯ… އެނގޭތަ، މީ ފޯޑްއެޖްއެއް، ޓޫތައުސަންޑްތާޓީންގެ… ހުޅުމާލެއަށް ދިޔަދުވަހު މި ކާރު އެންމެފަހުން ފެނުނީ” ފޮނިގޮތަކަށް ނިކަން ގަޔާވެ އިނދެ ކާރު ދުއްވާލާފައި ރުހައިލު ވާހަކަދެއްކިއެވެ. އަދި ކުރިމަތީ ހަރުކޮށްފައި ހުރި ލޯގަނޑު ރަނގަޅުކޮށްލިއެވެ. ހީވީ އަރުފީނަށް ގޮތްދައްކާލަން ބޭނުންވީ ހެންނެވެ.

“ދައްތަ ބުނީތަ ރުހައިލު ގާތު މި ކާރުގައި އަންނާށޭ” ރުހައިލު ދެއްކި ވާހަކަ އަރުފީނަށް ނީވޭ ކަހަލައެވެ.

“އަހަރެން މަންމަ ގާތު ބުނީ އާ ކާރުގައި އަންނާނަމޭ އަރުފީނަށް ފޮނިދައްކާލާފައި އޭނާ ގޮވައިގެން ގެއަށް، މަންމަ ބުނީ އޯކޭއޭ، އިތުރަށް ބުނީ އަރުފީނު ރުޅި ނާރުވައްޗޭ، ދެކުދިން ދެބަސްނުވެ އެހާ ލަސްނުވަނީސް ގެއަށް އަނަންވާނެއޭ، ބައްޕަ އެހާ ހިތްހަމައެއްނުޖެހޭނެއޭ އެކަމަކު ވެސް މިފަހަރު ދެން ދާށޭ” ރުހައިލު ބޯއަރިކޮށްލަމުން އަރުފީނުގެ އިސްޖެހިފައި އިން މޫނު ފެނޭތޯ އުޅުނެވެ. ނަމަވެސް މަގުމައްޗަށް ވެސް އޭނާ ސަމާލުކަން ދޭން ޖެހެއެވެ. އެހެންވެ އެއްފަހަރާ މާގިނަ ކަންތައްތަކެއް ކުރެވޭގޮތެއް ނުވިއެވެ.

ގެއާ ދިމާއަށް ދިއުމުގެ ބަދަލުގައި ފުރަތަމަ ރުހައިލު ކާރުގައި މާލޭގެ ވަށައިގެން އޮންނަ އެންމެ ބޮޑު މަގުގައި ދުއްވާލިއެވެ. އަރުފީނު އަނގައިން ނުބުނެ އިނީއެވެ. ކުޑަދޮރުން ބޭރުވެސް ބަލާނުލައެވެ. އިސްޖެހި ގޮތަށް އުނގުގައި ބާއްވާލައިފައި އޮތް ފޮތުގެ ކަނާ ކުޅެލަކުޅެލައެވެ. ކާރުތެރެ ފިނިއިރު ވެސް އޭނާގެ ހިތުގެހިނގުން އަވަސްވެފައި ވާތީ ދެއަތްތިލައިން ލޮނުދާހިއްލަމުންދިޔައެވެ. އިތުރު މީހަކަށް ފާހަގަނުކުރެވޭ ވަރުގެ މަޑު ތުރުތުރެއް އެ އަތްތިލައިގައި ހުއްޓެވެ.

“ގެއަށް ގޮއްސަ އޯކޭ އަރުފީނު އަހަރެންގެ ތުންފަތުގައި އަތްލިޔަސް” އަރުފީނަށް ދޭތެރެދޭތެރެއިން ބަލަމުން ދިޔަ ރުހައިލު ނީދެވިގެން ވާހަކަދެއްކިއެވެ.

“ނޫން…ސޮރީ…” ސިހިފައި ކަހަލަ ގޮތަކަށް ރުހައިލަށް ބަލާލަމުން އަރުފީނު ބުނެލިއެވެ.

ލާނެތް ހިނިތުންވުމެއް ރުހައިލުގެ ތުންފަތުގައި ދުވެލުމާއެކު އޭނާ މަޑުމަޑުން ހީނލިއަޑު އިވުނެވެ. އަދި އިތުރަށް އެއްވެސް އެއްޗެއް ނުބުނެ އިނދެ ގެއާ ދިމާއަށް މިސްރާބު ޖެހިއެވެ.

* * * *

“އެއީ ޑރ. ޝާން ދޯ، އޭނާ ސޮފޫއާއެކު ކީއްކުރަނީ، ކޮންތާކުން މިގަޑީގައި ތިއައީ” އުނައިސް އެހެން އަހާލި އިރު ވެސް އޭނާގެ މޫނުމަތިން ނުތަނަވަސްކަން ފާޅުވޭވޭ ހުއްޓެވެ.

“މިހާރު އެއީ އަހަރެންގެ ފްރެންޑެއް، މިއައީ ވާހަކަދައްކާލާ ކޮފީއެއް ބޯލަން ތިބެފައި” އުނައިސްގެ ލޮލާ ލޯ އަމާޒު ނުކުރުމަށް ސޮފޫރާ މަސައްކަތްކުރިއެވެ. އަދި ބޮޑުކޮޓަރިން ލާފައި އައިސް އޭނާގެ ކޮޓަރިއަށް ވަންނަން އުޅުނެވެ. ނަމަވެސް އުނައިސް ސޮފޫރާގެ ފަހަތުން އައެވެ.

“އަހަންނަކީ ފްރެންޑެއް ނޫންތަ؟” ސޮފޫރާގެ ކޮޓަރީގެ ދޮރުކަނީގައި އަތްވިއްދާލަމުން ބުނެލިއެވެ.

“އެބަ ނިކުންނަން އެއްޗެހި ބަދަލުކޮށްލައިގެން، ކުޑަކޮށް ވާރޭ ވެހުނީމަ ތެމިފައި މިހިރީ” އާދައިގެ ގޮތަކަށް ސޮފޫރާ ބުނެލިއެވެ. އޭނާއަށް އިރުކޮޅަކު ބަލަން ހުރެފައި އުނައިސް ފަހަތަށް ޖެހިލަމުން ސޮފޫރާގެ ކޮޓަރީގެ ދޮރު ލައްޕަން ތަންދެއްކިއެވެ. އަވަހަށް ސޮފުރާ ދޮރުލައްޕާ ތަންޑުއެޅި އަޑު އިވުނެވެ.

ސޮފޫރާ ފާޚާނާއަށް ވަދެ މޫނު ސާފުކޮށްލައިގެން ހެދުން ބަދަލުކޮށްލިއެވެ. އަދި ކޮޓަރިއަށް ނިކުމެ އިސްތަށިގަނޑު ރޫޅާލަމުން އަތްފުނާ އަޅާލިއެވެ. އިސްތަށިގަނޑު ކުޑަކޮށް ތެމިފައި ހުރުމުން ހިއްކާލަން ވެގެން އެއޮތް ގޮތަށް ބާއްވައިގެން ކޮޓަރިން ނިކުތެވެ. ކުޑަ ސިހުމެއް ލިބުނީ ކޮޓަރީ ފާރުގައި ލެނގިލައިގެން އެއްފައި ނަގާ ފާރުގައި ވިއްދާލައިގެން ހުރި އުނައިސް ފެނުމުންނެވެ.

“އަހަރެން މީ ސޮފޫގެ ފްރެންޑެއްތަ؟” ސޮފޫރާ ފެނުމުން ވަގުތުން އުނައިސް އޭނާ ކުރިން ކުރި ސުވާލު ތަކުރާރުކޮށްލިއެވެ.

“ހޫމް…” ސޮފޫރާ ހޫން އަޅުވާލާފައި ދާން އުޅުނެވެ.

“ނުވާނެ އެހެނެއް، ތި ހެދީ ބޮޑު ދޮގެއް” ރުންކުރު ގޮތަކަށް އުނައިސް ބުނެލިއެވެ.

“ކީއްވެ ތިހެން ތިބުނީ، އަހަރެން އުނައިސްއާ ވާހަކަދައްކަމެއްނު” އުނައިސްގެ ޠަބީޢަތަށް އައި ކުއްލި ބަދަލާއެކު ސޮފޫރާއަށް ހުއްޓެވުނެވެ.

“އަހަރެން މީ ފްރެންޑެއް ނަމަ ސޮފޫ އަހަންނާއެކު ތަންތަނަށް ނުދަނީ ކީއްވެ، އަހަރެން ސޮފޫ ނުރުހޭކަމެއް ކުރިންތަ؟ ޝާންއަކީ ވެސް ފިރިހެނެއް، އޭނާއާ އަހަންނާ ހުރީ ކޮންތަފާތެއް، އޭނާއަށް ވުރެ ކުރިން އެކުވެރިކަން ހުށަހެޅީ އަހަރެން، އެކަމަކު ހަޤީޤީ އެކުވެރިއަކަށް މިވީ އޭނާ… ސޮފޫ ނުދެކޭ އަހަންނަކީ ފްރެންޑެއް ގޮތުގައި، ކީއްވެ އޭނާއާއެކު ގޮއްސަ އަހަންނާއެކު ނުދެވެންވީ، އޭނާއަކީ ސޮފޫގެ ޑޮކްޓަރަށް ވީމަތަ؟ އަހަންނަށް ނުކުރާ އިތުބާރު އޭނާއަށް ކުރެވެނީތަ؟ އެކަމަކު އެއީ ކީއްވެ؟ ކާރުގައި އަހަންނާއެކު ދާން ވެސް ސޮފޫ ބޭނުމެއްނުވޭ، އެކަމަކު ސައިކަލުގައި ދެވޭ… ގައިމު ސައިކަލުގައި އިންނައިރު އެކަކު އަނެކަކުގެ ގައިގާ މާ ބޮޑަށް ޖެހޭނެ ދޯ، ކާރުގައި ސޮފޫގެ ގައިގާ އަހަރެން ޖެހިދާނެތީ އުޅޭކަށް ނުޖެހޭނެ، މިހުރިހާ ސަބަބުތަކެއް އިޝާރާތްކުރަނީ ކޮންކަމަކަށްތަ؟ އަޅެ ބުނެދީބަލަ އަހަންނަށް” އުނައިސްގެ ދެބުމަ ގޮށްޖެހެމުންދިޔަ ތަން ސޮފޫރާއަށް ފެނުނެވެ.

“އުނައިސް ކިހިނެއްތަ ތި ވާހަކަދައްކަނީ، އަހަރެން ޝާންއާއެކު ތަނަކަށް ދިއުމަކީ އުނައިސް ތިހާ ވަރަށް ރުޅި އަންނަން ޖެހޭ ވަރު ކަމެއްތަ؟” ސޮފޫރާ ބުނެލިއެވެ.

“އާން! އެވަރު ކަމެއް އެއީ…. އަހަންނަކީ ސޮފޫރާގެ ރަޙުމަތްތެރިއެކޭ ބުނޭ، އެކަމަކު އަހަރެން ހުށަހަޅާ ހުށަހެޅުންތައް ސޮފޫރާ ޤަބޫލެއްނުކުރޭ، އެއީ ކީއްވެކަން އަހަންނަށް ބުނެދޭންވީ” ޖަވާބު އަންނާނީ ކިހިނެއްކަމެއް ޔަޤީންނުވާ އިރު ވެސް އުނައިސްއަށް ގޮތްތަކެއް ވަމުންދިޔައެވެ. ސޮފޫރާ، ޝާންގެ ސައިކަލު ފަހަތުގައި އެހާ ގާތްކޮށް އިންނަތަން ފެންނާތީ އެކަމާ އުނައިސް ހަސަދަވެރިވާ ކަހަލައެވެ. އެކަން މަނާ ކުރަން އޭނާގެ ހިތް ގޮވަމުންދާހެން އޭނާއަށް ހީވެއެވެ.

“އުނައިސް، އަހަރުމެން ދެމީހުންނަކީ ކަންކަން ނުވިސްނޭވަރުގެ ޅަކުދިންނެއް ނޫން، އަހަރެން ބޭނުންވަނީ ތެދަށް ވާހަކަދައްކަން، އެއްވެސް ކަމެއް އުނައިސްއަށް އޮޅުވާލާކަށް ބޭނުމެއްނޫން، އާދެބަލަ އަހަންނާއެކު…. މިތާ ބެލްކަނީގައި ތިބެ ވާހަކަދައްކާލަން” ފުންނޭވާއެއް ލުމަށްފަހު ސޮފޫރާ ނިންމީ އުނައިސްއަށް ހުރިހާ ވާހަކައެއް ކިޔައިދޭށެވެ. ރުޅިމޫނު ހަދާލައިގެން ހުރި އުނައިސްގެ އަތުގައި ހިފާ ދަމަމުން ކަހަލަ ގޮތަކަށް ގޭގެ ބެލްކަންޏަށް ސޮފޫރާ ނިކުތެވެ.

“އަހަރެން އުނައިސް ދުށީ ހަމައެކަނި ރަޙުމަތްތެރިއެއްގެ ގޮތުގައި، އެކަމަކު އުނައިސްގެ އިހުސާސްތައް ބަދަލުވާހެން އަހަންނަށް ހީވުމުން އަހަންނަށް މަޖުބޫރުބީ އުނައިސްއާ ދުރަށްދާން، އެހެންވެ އުނައިސްގެ ދަޢުވަތުތަކަށް ނޫނެކޭ ބުނަމުން އައީ، އުނައިސްގެ ހިތުގައި އުފެދެމުން އައި އިހުސާސްތަކަކީ އަހަންނަށް ވެސް ބީރައްޓެހި އިހުސާސްތަކެއްނޫން، އުނައިސްއަށް އަހަރެން ޚާއްޞަކަން މިއަދު ތި ދެއްކި ހުރިހާ ވާހަކައަކުން ވެސް އެނގޭ، އެކަމަކު އަހަރެންގެ ހިތުގައި އުފެދުނު އިހުސާސްތައް ގުޅިފައިވަނީ އުނައިސްއަކާ ނޫން… އަހަރެންގެ ހިތުގައި ޚާއްޞަކަމެއް ދެވުނީ ޝާންއަށް، އުނައިސްގެ ބައްޕަ އަހަންނާ އަހަރެންގެ މަންމައަށް މިގޭގައި ހުރުމުގެ ފުރުޞަތު ދިނުމާއެކު އަހަރެން ދުށީ އުނައިސް އާއި އުޒައިރަކީ ޢާއިލީކަމުގެ ގުޅުމުން އަހަންނާ ގުޅިފައިވާ ބައެއްގެ ގޮތުގައި، އުނައިސް ބޭނުންވި ފަދަ ފުންއިހުސާސެއް މި ހިތަކު އެއްވެސް އިރަކު ނުވޭ… އުނައިސްގެ ހާލު އެނގިއެނގި ހުރެ އަހަރެން ކީއްކުރަން އުނައިސްއާއެކު އެހާ ގާތްކޮށް އުޅެންވީ، އެހެންނަމަ އުނައިސް މާ ދެރަވާނެކަން އެނގޭ، ރަޙުމަތްތެރި ގުޅުމަކީ ކޮބައިކަން އުނައިސްއަށް ވެސް އެނގޭނެ، އެ ފަދަ ގުޅުމެއް އަހަރުމެން ދެމީހުންގެ ދެމެދުގައި ބޭއްވިދާނެ، މިހާރު އަދި ޚާއްޞަކޮށް ލުތުފީބެ އަހަރެންގެ މަންމައާ އިންނަން އުޅޭއިރު، އަހަރުމެން ދެމީހުންގެ މެދުގައި އެފަދަ ގުޅުމެއް އޮތުން ރަނގަޅު ކަމަކަށް އަހަރެން ނުދެކެން، ޕްލީޒް ޓްރައި ޓު އަންޑަރސްޓޭންޑް” ބެލްކަނީގެ ވަށައިގެންވި ފާރުކޮޅުގައި ދެއަތްއަޅުވާލައިގެން އުނައިސްއަށް ބަލަން ސޮފޫރާ ހުއްޓެވެ. ނަމަވެސް އުނައިސް ހުރީ ސޮފޫރާއަށް ކުޑަކޮށް ފުރަގަސްފެންނާނޭހެން ހުއްޓި، އެއްއަތުން ބެލްކަނީގެ ފާރުކޮޅުގައި ހިފަހައްޓާލައިގެން އަނެއްއަތް ފަޓުލޫނުގެ ޖީބަށް ޖަހާލައިގެން ހިމޭންވެފައެވެ. ވަގުތުން ޖަވާބެއް ނައުމުން އޭނާ ވިސްނަން ދޫކޮށްލައިގެން ސޮފޫރާ ހުއްޓެވެ.

“ތެދެއް، ސޮފޫގެ ހިތުގައި ޝާންއަށް ޚާއްޞަކަމެއް ދެވިފައިވާއިރު އަހަންނަށް އެ މަޤާމެއް ނުލިބޭނެ، އެކަމަކު ސޮފޫއަށް އެނގޭނެ ހިތުގެ އިހުސާސްތައް ހިފެހެއްޓުމަށް އޮން އޯފް ސުވިޗެއް ނުހުންނަކަން، ހުންނަ ނަމަތާ ހުރިހާ ކަމެއްގެ މަތިން ވަގުތުން ހަނދާންނައްތާލާފައި ރަޙުމަތްތެރިން ހެން އުޅޭނީ، އެނގޭތަ، މިވަގުތު އަހަރެން ޝާންދެކެ ކިހާ ނަފުރަތު ކުރާކަން، އަސްލު ނަފުރަތުކުރާކަށް ބޭނުމެއްނޫން، އެހެންވިޔަސް ހުރިހާ އިހުސާސްއެއް ބޮއްސުންލަމުން މިދަނީ… ރަނގަޅުގޮތް އެނގޭއިރު ވެސް އެހެން ވިސްނާކަށް ބޭނުމެއްނޫން… ރަޙުމަތްތެރިކަން ލިބެން އޮއްވާ ބޭނުންވަނީ އެހެން ގުޅުމަކަށް ފުރުޞަތުދޭން… ދެރަވަނީ ކަމެއް ރުޅި އަންނަނީކަމެއް ނޭނގޭ…” އުނައިސް ބުނެލިއެވެ. އަދި ޖީބުގައި އޮތް އަތްނަގާ ބޮލުގައި އަތްފުނާ އަޅާލާފައި ނިކަން އަވަސް އަވަހަށް ފުއްކިބައިގައި އަތް ހާކާލިއެވެ.

“ތިވާހަކަތަކަށް ބުނަންވީ ކީކޭކަމެއް އަހަންނަކަށް އެއްގޮތަކަށް ވެސް ނޭނގެ، މިވަގުތު އުނައިސްއަށް ވިސްނައިދޭން މަސައްކަތްކުރިޔަސް ވާނޭގޮތް އެނގޭ، އެހެންވީމަ އެކަމެއް ނުކުރާނަން، އުނައިސް އަމިއްލައަށް ތިކަމަށް ހައްލެއްގެންނަން ޖެހޭނީ، ސިކުނޑީގެ ބޭނުން މިވަގުތު ހިފާ… އަހަރެން މިދަނީ އުނައިސް އެކަނި ހުރެ ވިސްނުން މާ ބޮޑަށް ވެސް މިވަގުތަށް ރަނގަޅުވާނޭތީވެ… އައި އޭމް ސޮރީ…” ސޮފޫރާ އެއްފަހަރު އުނައިސްއަށް ބަލާލާފައި އެތަނުން ދިއުމަށް ހިނގައިގަތެވެ.

* * * *

“އިހަށް މަޑުކޮށްބަލަ، ހާދަ އަވަސްއަރުވާލާފަ، މާބޮޑަށް ބަނޑުހައިފައި ދޯ ތިހިރީ، އެހެންވެ ސަންތި ރުޅިގަދަވަނީ” ގޭޓުން ވަނުމުގެ ކުރިން އަރުފީނުގެ އަތުގައި ދުވެފައި އައިސް ރުހައިލު ހިފިއެވެ.

“ދޫކޮށްލަބަލަ، ގައިގަ އަތްނުލާ އެންމެ ވާހަކައެއް ވެސް ނުބުނެވޭތަ” ރުހައިލުގެ މޭގައި އަތްއަޅާ އޭނާ ދުރަށްކޮށްޕާލި ގޮތުން ހީވީ އަރުފީނަށް ކަރަންޓު ޝޮކެއްޖެހިގެން ކުއްލިއަކަށް ގެނައި ހަރަކާތެއްހެންނެވެ. ބަސްހުއްޓި ދެ ލޯ ބޮޑުވެފައި ރުހައިލަށް ހުރެވުނެވެ. އަރުފީނު އޭނާއާމެދު އެގޮތަށް ކަންތައްކުރަނީ އޭނާދެކެ ރުޅިއައިސްގެން އުޅޭއިރުއެވެ. އެދުވަސްތައް ހިނގައްޖެކަމުގައި ރުހައިލު ޤަބޫލުކުރެއެވެ. މިހާރު އެ ދެމެދުގައި ދެބަސްވުމެއް އެކަކު އަނެކަކަށް ގޯނާ ކުރުމެއްނެތެވެ. އެހެން ދިމާއަކަށް ކަޅި ހިންގާލުމެއްނެތި އަރުފީނަށް ބަލަމުން ރުހައިލު ވެސް އައިސް ގެއަށް ވަނީ ހިމޭންވެހުރެއެވެ.

“ބައްޕަ ދުރުވެފައި އެއްސެވި ރުހައިލު ކޮބާތޯ، ކާރުގައި އަރުފީނު ބަލާ ދިޔަ ވާހަކަ ބުނުމުން ބައްޕަ ހުންނެވީ ކުޑަކޮށް ހިތްހަމަޖެހިނުލައްވާފަކަން މަންމައަށް އެނގޭ، ދެން ނުދާތި އިނގޭ” ޝާރުދާގެ ވާހަކައިން ރުހައިލު ހިތްހަމަނުޖެހޭ ގޮތްވިއެވެ. އެވަގުތު އެތައް ވާހަކައެއް ހިތަށް އަރާ ފައިބަމުންދިޔައެވެ. ހުރިހާ އެއްޗެއް ކިޔާލަން ކިތަންމެ ފަހަރަކު ރުހައިލު ބޭނުންވިއެވެ. އަރުފީނު ކަންތައްކުރި ގޮތުން ލިބުނު ހިތްހަމަނުޖެހުން ފާޅުވެގެން ދިޔައީ ޝާރުދާ، މަލީކުގެ ވާހަކަ ފެށީމައެވެ. އޭރު އަރުފީނު ލިފްޓަށް އަރައިގެން ހިނގައްޖެއެވެ.

ރޭގަނޑުގެ ކެއުމުގައި ޢާއިލާ އެންމެން ބައިވެރިވިއިރު އެހެންޏާ އެ މޭޒުގެ ދޮށުގައި ބައިވެރިވާ އަރުފީނެއް ރުހައިލަކަށް ނުފެނުނެވެ. ޝާރުދާ ވެސް އަރުފީނު ކޮބާތޯ ބަލަން ދާން ތެދުވީ މަލީކު ކައިގެން ކާމޭޒު ދޮށުން ފޭބީމައެވެ. ފުރަތަމަ އޭނާ ވަރުޝާ ފޮނުވިއެވެ. ނަމަވެސް ވަރުޝާ އެނބުރި އައީ އަރުފީނުގެ ކޮޓަރި ތަޅުލާފައި ހުރިކަމަށް ބުނެފައެވެ. ގޮވާލުމުން ވެސް ނުހުޅުވުމުންނެވެ. އޭރު މޭޒު ދޮށުގައި އަނގައިން ނުބުނެ ރުހައިލު އިނެއްކަމަކު އޭނާގެ ކަންފަތް އަމާޒުވެފައި ވަނީ ޝާރުދާ އާއި ވަރުޝާގެ ވާހަކަތަކަށެވެ. ކޮންމެވެސް ކަމެއް ވެއްޖެކަން ރުހައިލަށް އެނގުނެވެ. އެއާއެކު އިތުރަށް އެންމެ ސަމްސަލެއް ވެސް ތަށިން ނަގާ އަރުތެރެއަށް ނުދިރުނެވެ. ފެންތަށި ބޯލުމާއެކު ރުހައިލު ތެދުވެގެން ހިނގައިގަތެވެ. ޝާރުދާ އިނީ ކާންކަމަށްވާތީ އޭނާ ކައިނިންމާފައި ތެދުވަން އިނީއެވެ.

ކާކޮޓަރިން ނިކުމެވުނު ގޮތަށް ރުހައިލު އަވަސް އަވަހަށް ފޯނު ނަގާ އަރުފީނަށް މެސެޖުކުރަން ފެށިއެވެ. ޖަވާބެއް ނާދެއެވެ. ސިއްރުން މީހަކަށް ނުފެންނާނޭހެން އަރުފީނުގެ ކޮޓަރި ކައިރިއަށް ދިޔައެވެ. ދޮރުގައި ޓަކީ ދީ ގޮވާ ހެދިއެވެ. ދެން ވެސް އެއްވެސް ޚަބަރެއްނުވެއެވެ. ހާސްވެގެން ގޮސް ރުހައިލު އެ ކޮޓަރި ދޮރުމަތީ ދެކޮޅަށް ހިނގަންފެށިއެވެ. އެހެން އުޅެނިކޮށް ލިފްޓުން ފަޒަލް ނިކުންތަން ފެނުނެވެ. ވަގުތުން ފަޒަލް ނިތްއަރުވާލި ގޮތުން އޭނާ އެ އަހަނީ ކިހިނެއްވީތޯކަން ރުހައިލަށް އެނގުނެވެ.

“އަރުފީނަށް ކޮންމެވެސް ކަމެއްވެއްޖެ، އަޅެ ބުނެބަލަ މަންމަ ކައިރީގޮސް އަރުފީނުގެ ކޮޓަރި ހުޅުވަން އަންނާށޭ، އަހަރެން ބުނީމަ ކަމަކު ނުދާނެ، ބައްޕަ ވެސް އެބައުޅޭ، އަރުފީނު މިއަދު ވަރަށް ވިއަރޑްކޮށް އުޅުނީ ވެސް” ހާސްވެގެންގޮސް ކުރެވޭ ނުކުރެވޭ ކަމެއް ނޭނގޭ ހާލުގައި ރުހައިލު ހުރި ކަހަލައެވެ.

“ރުހައިލު މިތާ ހުއްޓާ އަންކަލްއަށް ފެނިއްޖެއްޔާ ކަމަކު ނުދާނެ، ޝާރުދާ އާންޓީ މިހާރު އެ އަންނަނީ އަރުފީނަށް ގޮވަން، އަހަރެން ބުނީމެއްނު އަންކަލް ބުނެފައޭ އޮތީ ރުހައިލު އެކަނި ރޭގަނޑުގެ އެއްވެސް ވަގުތެއް ދޫކޮށްނުލައްޗޭ، އަންކަލްއަށް ކިހިނެއް އެނގޭނީ ރުހައިލު މޮޔަވެގެން އުޅެނީ މިހިރަ ކޮޓަރީގައި އުޅޭ އަންހެންކުއްޖާޔާ ކަމެއް، މީހަކަށް ނުފެންނަނީސް ތިހެން ނުހުރެ އާދެ” ފަޒަލް ގަދަކަމުން ރުހައިލު އޭނާގެ ކޮޓަރިއަށް ގެންދިޔައެވެ.

ޝާރުދާ އައިސް އަރުފީނަށް ގޮވަން ފެށުމުން ރުހައިލު ކޮޓަރިން ބޭރަށް ބޯދިއްކޮށްގެން ހުއްޓެވެ. އަރުފީނު ކޮޓަރި ނުހުޅުވުމުން ޝާރުދާ މަޑުކުރުމެއްނެތި ތަޅުދަނޑިފަތި ހިފައިގެން އައިސް ކޮޓަރީގެ ދޮރު ހުޅުވާލިއެވެ. ބޭއިޚްތިޔާރުގައި ރުހައިލަށް ދުވެފައި އައިސް ޝާރުދާގެ ފަހަތުން އެކޮޓަރިއަށް ވަދެވުނެވެ. އޭނާގެ ފަހަތުން ކަންބޮޑުވެފައި ހުރެ ފަޒަލް އައެވެ. އެނދުގައި ބަންޑުން އޮތް އަރުފީނު އެ ތިންމީހުންނަށް ވެސް ފެނުނެވެ. އޭނާ އޮތީ ޔުނިވަރސިޓީ އިން އައިގޮތަށް ހެދުން ވެސް ބަދަލުނުކޮށެވެ. ޝާރުދާ އައިސް އަރުފީނުގެ ގާތުގައި އިށީނދެ ބޮލުގައި ފިރުމާލިއެވެ.

“ނުވެސް ކާ ރެއަކީތަ؟ ތެދުވޭ އެއްޗެއް ކާލަން، ކައިގެން އައިސް ދެން ނިދާނީ، މާ ބޮޑަރަށް ވަރުބަލިވީ ދޯ” އޯގާތެރިކަމާއެކު ވާހަކަދެއްކި ޝާރުދާ، އަރުފީނު ނަގާ ކޮޅަށް ޖެހިއެވެ. ނަމަވެސް އޭނާއަށް ވެސް ބުނެދޭން ނޭނގޭ ގޮތެއް ވެގެންދިޔައީ އަރުފީނުގެ ރަތްވެ ދުޅަވާގޮތްވެފައިވާ ދެ ލޯ ފެނިފައެވެ. ޝައްކުގެ ނަޒަރުން އަރުފީނަށް އޭނާއަށް ބަލާލެވުނެވެ. އަރުފީނުގެ ދެ ލޮލުން ފާޅުވަމުން ދަނީ އޭނާ އެތައް އިރަކު ރޮއިފައި ހުރިކަން ކަމެއް ނޫނީ ނިދީގެ ބަރުކަން ކަމެއް ނޭނގިފައެވެ. އަރުފީނުގެ ބުރަކަށީގައި ފިރުމާލާފައި ތެދުވާށެ ބުނުމުން ނިކަން ބަސްއަހައިގެން އަރުފީނު ތެދުވިއެވެ.

“ތީ ކޮންކަމެއް، މިކޮޓަރިން ދެމީހުން ނިކުމޭ” އަރުފީނު ގޮވައިގެން އެނބުރިލުމާއެކު ޝާރުދާއަށް ރުހައިލާއި ފަޒަލް ފެނި ބުނެލިއެވެ. އަރުފީނު ފެނި ރުހައިލަށް ހިންދިރުވާލެވުނެވެ. ރުހައިލަށް ނިކަމެތިކަމާއި ގޮތްހުސްވެފައިވެފައިވާ ގޮތެއްގައި އަރުފީނު ފެނުނު މީ ފުރަތަމަ ފަހަރެވެ. ކަންބޮޑުވުމުގެ ތެރެއިން އޭނާގެ ހިކި ދެތުންފަތް ކުޑަކޮށް ހުޅުވުމާއެކު ހިމޭންކަމުގެ މަޑުއާހެއް ރުހައިލުގެ ތުންފަތުގެ ދޭތެރެއިން ދެމިގަތެވެ. ޝާރުދާގެ އަތް ފޮޅުވާލާފައި އަރުފީނުގެ ގެނެސް ދެއަތުގެ ތެރެއަށް ލާން ވަގުތުން ރުހައިލު ބޭނުންވިއެވެ. އެހެން އެއްވެސް މީހަކަށް ނޭނގުނަސް އޭނާއަށް އަރުފީނުގެ މޫނު ހުޅުވާފައި އޮތް ފޮތެއްހާ ސާފުކޮށް ފެނި ކޮންމެ އިޝާރާތެއް ވަކިވަކިން ދެނެގަނެވުނެވެ. ހަމަހޭލިބިގެން ދިޔައީ ފަޒަލް ނިކަން ބާރަށް ރުހައިލުގެ އަތުގައި ހިފާ ދަމައިގަތުމުންނެވެ. ޝާރުދާ އޭރު ވެސް ފަތިވަރެއް ކިޔަމުން ދާކަން ވެސް ރުހައިލަށް އެނގުނީ ދެނެވެ.

“ފަޒަލް….” ރުޅި އައިސްގެން ފުރަތަމަ ފަހަރަށް ރުހައިލު އޭނާގެ އެކުވެރިޔާއަށް ހަޅޭލަވައިގަންނަމުން ފަޒަލްގެ އަތް އޭނާގެ ގޮނޑުން ފޮޅުވާލިއެވެ. ކޮޓަރީގެ ދޮރު ލެއްޕުމާއެކު ރުހައިލަށްވުރެ ބާރަށް ފަޒަލް ވާހަކަދައްކަންފެށިއެވެ.

“ރުހައިލުގެ ބައްޕަ ބޭނުންނުވާކަމެއް ނޭނގޭތަ، އަހަރެން މިކުރަނީ ރުހައިލުގެ ބައްޕަ ކުރަން ބުނި ކަންތައް، ކަމެއްވީމައެއްނު އަންކަލް އަހަރެން ކައިރީ ބުނާނީ ރުހައިލުގެ ކައިރީ ހުރުމަށް، އަރުފީނުގެ ފަހަތުން ރުހައިލު އުޅޭކަން އަންކަލްއަށް ކޮންމެވެސް ގޮތަކުން އެނގުނީ، ނޫނީ އެހެންވެދާނޭތީވެ ކުރީބައިގަ އަންކަލް ފިޔަވަޅު އަޅަން ނިންމީ، އެވަރު ރުހައިލު ބަލަންޖެހޭނެއެއްނު، ނައިރާ، ރުހައިލާ އިންނަން ރަންކިޔާފައޭ އޮތީ، ތިގޮތްގޮތަށް ރުހައިލު އުޅޭކަށް ނުޖެހޭނެ މިހާރު، ތިހެން އުޅެންޏާ ކައިވެނި ރޫޅާލާ، އަހަރެން ގޮސް ބުނަންތަ އަންކަލް ކައިރީ” ފަޒަލްގެ ވާހަކަތަކާއެއްވަރަށް އޭނާގެ ދެއަތް ވެސް ދިޔައީ ހަރަކާތްކުރަމުންނެވެ.

އަތުން ޖެހި ޖެހީނުން ރީތިވާ މޭޒުމަތީ ކޮޓަރީގައި މީރުވަސް ދުއްވަން ފެންއަޅާފައި ކަރަންޓަށް ޖަހާފައި ހުރި އެތި ބުރުވާލާފައި ރުހައިލު އައިސް އެނދުގެ ފައިލާކޮޅުގައި އިށީނެވެ. ކަކުލުގައި ދެއަތް އަޅުވާލައިގެން ގުދުވެލައިގެން އޭނާ އިނީ ބަހެއް ވެސް ނުބުނެއެވެ. ފަޒަލް އިތުރަށް އެއްޗެއް ނުބުންޏެވެ. މަޑުމަޑުން އައިސް ރުހައިލު ވައްޓާލި އެތި ނަގާ ރީތިވާ މޭޒުމަތީ ބެހެއްޓިއެވެ. މަތިޖަހާފައި ހުރުމުން ނަސީބަކުން އޭގައި ހުރި ފެންތައް ކާޕެޓުމައްޗަކަށް ނޭޅެއެވެ. ރުހައިލަށް ބަލާލާފައި އައިސް އޭނާއާ ޖެހިގެން އެނދުގައި ފަޒަލް އިށީނެވެ.

“އަރުފީނު ރޮނީ ކީއްވެ؟ އޭނަ ގެއަށް އައިފަހުން ކޮޓަރިން ނުނިކުމޭ، އެ ހުރިހާ އިރު އޭނާ އޮތީ ރޯން، ކީއްވެ އޭނާ ރޯންވީ… ޓަރިން ފެނުނީ މިލާންނަމަ ފަޒަލްއަށް ހުރެވޭނެތަ ދުރުގައި، އަރުފީނު އެގޮތަށް، އެހާ ހޯޕްލަސްވެފައި ހުއްޓާ އަދި ނުދެކެން، ފަޒަލް… އަހަރެން ވަރަށް ލޯބިވޭ އަރުފީނުދެކެ… އަނެއްކާ… އަނެއްކާ އަހަންނާ ހެދިބާ އޭނާ ރޮނީ، އަހަރެން ބޭނުން އޭނާއާ ބައްދަލުކުރަން، ޕްލީޒް… އޯކޭ އޯކޭ… އެންމެ ފަހަރަކު، ވަން ލާސްޓް ޗާންސް، އެއަށްފަހު އަހަރެން ހުއްޓާލާނަން، ނުދާނަން އަރުފީނު ގާތަކަށް، އެކަމަކު ހަމަ އެންމެ ފަހަރަކު، ބައްޕައަށް ނޭނގޭނޭހެން، ޕްލީޒް…” ވާހަކަދައްކަމުން ހިންދެމިލި ރުހައިލު ފަޒަލްއަށް ބަލާލިއެވެ. ޖެހިލުންވާ ކަހަލަ ހިމޭންކަމެއް ރުހައިގެ އަޑުގައި ވިއެވެ. ހީވީ ފަޒަލްގެ ހިތަށް ސީދާ ރުހައިލުގެ އަޑު އިވިގެންދިޔަހެނެވެ. އޭނާގެ އެކުވެރިޔާގެ ލޮލުން ކެތްތެރިކަން ކުޑަވެފައިވާ ވަރު ފެންނަމުންދިޔައެވެ. ނޫނެކޭ ބުނާނީ ކޮންދުލަކުން ކިހިނެއްކަމެއް ފަޒަލްއަކަށް ނޭނގުނެވެ. މަލީކު ކަންތައް ކުރާނީ ކިހިނެއްކަމެއް ވެސް އެނގެނީއެއްނޫނެވެ.

“ވަން ލާސްޓް ޗާންސް، އެއަށްފަހު ޔަޤީން ދޯ މިކަންތައްގަނޑު ނިންމާލާނަންކަން” ފަޒަލް އިރުކޮޅަކު އިނދެފައި ބުނެލިއެވެ. އޭރު ދެ އެކުވެރިންގެ ނަޒަރު ހުރީ ސީދާވެފައެވެ. ރުހައިލު ބުނާނެ އެއްޗެއްގެ އިންތިޒާރުގައި ފަޒަލް އިނެވެ. ހީވަނީ ފުރަތަމަ ފަހަރަށް އެކުވެރިޔާގެ މައްޗަށް އޮތް އިތުބާރު ގެއްލިފައި ވާހެނެވެ. ފަޒަލް ބޭނުންވާ ޖަވާބަކީ ކޮބައިކަން ރުހައިލަށް އެނގެއެވެ. އެކަމަކު އޭނާ ފަޒަލްއަށް އެއްބަސްވުމަކީ އަރުފީނުދެކެ ލޯބިވުން ހުއްޓާލުން ފަދަ ކަމެކެވެ. ބުނަން ބޭނުންނުވާ ވަރު އޭނާގެ މޫނުމަތިން ފަޒަލްއަށް ފާޅުވަމުންދިޔައެވެ. ކަތުރުކަށިގަނޑު ހަރުކަށިވެގެން ދިޔައީ ރުހައިލު ދެ ދަތްޕިލާޖައްސާ ބާރުކޮށްލައިގެން އިނުމުންނެވެ. ހީވަނީ އަނގައިގެ ތެރޭގައި ދޫ ހަރަކާތްކޮށްފާނެތީ އެ ދުލުގައި ދަތްއަޅަން ބޭނުންވެފައި އިންހެނެވެ.

“ބްރަދަރ ޕްލީޒް… މިކަން ކުރިއަށް ނުގެންދެވޭނެކަން އެނގެއެއްނު” ރުހައިލުގެ ކޮނޑުގައި އަތްޖައްސާލައިގެން އިނދެ ފަޒަލް މަޑުމައިތިރިކަމާއެކު ބުނެލިއެވެ. އެހިނދު ބޭނުންނުވެ އިނދެ ގަދަކަމުން ރުހައިލު ބޯޖަހާލިއެވެ. އެވަރުން ޖަވާބު ލިބުނީކަމުގައި ފަޒަލް ޤަބޫލުކުރިއެވެ.

އެންމެން ނިދާ ހިމޭންވަންދެން ފަޒަލް އާއި ރުހައިލު މަޑުކުރިއެވެ. އޭރު ވެސް ރުހައިލު އަރުފީނަށް މެސެޖު ކުރަމުންދިޔައެވެ. ޖަވާބެއް ދިނުމަށް އެދި އާދޭސްކުރަމުން ދިޔައިރު ވެސް އަރުފީނު އެއްވެސް ޖަވާބެއް ނުދިނެވެ. ކެތްނުވެގެން ރުހައިލު ކޮޓަރިން ނިކުންނަން އައެވެ. އޭނާގެ ފަހަތުން ފަޒަލް އައެވެ. މަލީކުގެ ކޮޓަރި ފެންނަ ހިސާބުގައި ފަޒަލް މަޑުކޮށްލައިގެން ހުރިއިރު ރުހައިލު އައިސް އަރުފީނުގެ ކޮޓަރީގައި ޓަކިދިނެވެ. ދެތިން ފަހަރަށް ޖެހުމުން ވެސް ޚަބަރެއް ނުވިއެވެ. ތަންކޮޅެއް ބާރަށް ޖަހާލުމުން ފަޒަލް “ޝްޝްޝް…” އަޑު ލައްވާލިއެވެ.

“އަރުފީނު، ޕްލީޒް ރިޕްލައިކޮށްބަލަ، ހަމަ އެންމެ ފަހަރަކު، އޭރުން ދެން އަރުފީނަށް ގޮވާކަށް މިހެން ނާންނާނަން، އިތުބާރުކުރޭ، ޔަޤީންކަން މިދެނީ، އަހަންނާ އެންމެ ފަހު ފަހަރު ބައްދަލުކޮށްލަން ނިކުމެދީ، އަހަރެން މިހިރީ ކޮޓަރި ދޮރުމަތީ، މިރޭ އެކަނި، ޕްލީޒް” ރުހައިލުގެ ހިތުގެ ވިންދަށްވުރެ އަވަހަށް މެސެޖުލިޔެ ފޮނުވާލިއެވެ.

“މީހަކާ އިންނަން ރުހައިލު ތައްޔާރު ވާއިރު، ތިއުޅެވެނީ އަދި ރަނގަޅަކަށް ނޫން، ތީ އަހަރެންގެ އެންމެ ގާތް އެކުވެރިޔާ މިހާރު، ރުހައިލަށް ވިސްނައިދިނުމަކީ އަހަރެން ކުރަންޖެހޭނެ ކަމެއް، މިގަޑީގައި ބައްދަލުކުރާނަމަ ނުބައި ކަމަކަށް މަގުފަހިވެދާނެ، އަހަރެން ބުނާ އަޑެއް ރުހައިލު ނާހާނެ، އެހާ ގައިގޯޅިކޮށް އުޅެން އަހަރުމެން ދެމީހުންނަކީ ބޮޑު އަންހެނަކާ ފިރިހެނެއް، ކައިވެނީގެ ބޭރުން ހޭލައިގެން ނުވާނެ އިހުސާސްތަކެއް ހަށިގަނޑުގައި ހުރޭ، މި ދެތިންރޭ ވޭތުވެގެން ދިޔައީ ކިހިނެއްކަން ރުހައިލަށް ހަމަ ރަނގަޅަށް އެނގޭނެ، ތިއަތުގެ ތެރެއަށް އަހަރެން ގެނެސް ލަންދެން ހުންނާކަށް އަހަންނަށް ކެތެއްނުވާނެ، އަހަރެން ނުބުނަންތަ ރުހައިލުދެކެ އަހަރެން ލޯތްބެއް ނުވެޔޭ، ވީއިރު އަމިއްލަ އެދުމެއް ފުއްދަން އުޅޭ މީހަކުހެން ތިއުޅެނީ ކީއްވެތަ؟ އަހަރެން ބުނީމަ އެއްފަހަރު ވިޔަސް ޤަބޫލުކުރިއްޔާ ވާނީ ކީއް؟ އަހަރެން ވެސް ރުހައިލުގެ ގާތުން އާދޭސްކުރަން، ތިކަން ހުއްޓާލާ، މިގަޑީގަ އަހަންނާ ބައްދަލުކުރަން ނޭދޭ… ތިމާ އެމީހަކުދެކެ ލޯބިވާ މީހާއަށް ކިތަންމެ މަޖުބޫރެއް ކުރިޔަސް އޭނާ ތިމާދެކެ ލޯބި…” އަރުފީނަށް އިތުރަކަށް ނުލިޔެވުނެވެ. ކަރުނުން ދެލޯ ފުސްވާވަރުންނެވެ. އެމީހަކު ދެކެ އެންމެ ލޯބިވާ މީހާގެ ކައިރީ ލޯބިނުވަމޭ ބުނަންޖެހުމުން ހިތުގައިވި އެތަކެއް ހާސް ނާރެއް އެއްފަހަރާ ބުރިބުރިވެގެން ދިޔަކަމުގެ އިހުސާސް އަރުފީނަށް ކުރެވި ގިސްލެވުނެވެ. އެހެންނަމަވެސް އަމިއްލަ ނަފުސު ހަމައަކަށް އަޅުވަމުން ލިޔެވުނު މެސެޖު އެ ލިޔެވުނު ގޮތަކަށް ރުހައިލަށް ފޮނުވާލިއެވެ. އަދި ފޯނު ގެނެސް މޭގައި ޖައްސާ ބާރުކޮށްލައިގެން އަރުފީނު އިނެވެ.

“އަހަރެން އަރުފީނުދެކެ ވާ ލޯތްބަށްޓަކައި ދެން އުނދަގުލެއް ނުކުރާނަން، އެކަމަކު އަހަރެންގެ އެންމެ ގާތް އެކުވެރިޔާއަށް އަހަރެން ބޭނުންވާނެ، އަހަރެން ކައިވެނިކުރާ ރޭ އަހަންނަށް ފެންނަ ހިސާބުގައި އަރުފީނު ހުންނަން ޖެހޭނެ، އެންމެ ގާތް އެކުވެރިޔާގެ ކައިވެނި ހަފުލާގައި ބައިވެރި ވާން ޖެހޭނެތާ، އެހާ އުފާވެރި ހަފުލާއެއްގަ… އެކައިވެނި ކުރުމުން އެންމެ އުފާވާނީ ވެސް އަހަރެންގެ ތި ގާތް އެކުވެރިޔާއެއްނު… އެހެންވީމަ ކޮންމެހެން ވެސް ހުންނަންޖެހޭނެ، އަރުފީނު ނައިހެއް ކައިވެންޏެއް ނުކުރެވޭނެ، އެހެންވީމަ އެ ދުވަހަށް އާ ހެދުން ތައްޔާރުކުރަން ފަށާ، އަރާމުކޮށް ނިދާލާ…. އަހަންނާ ނައިރާ އުފަލުގައި އުޅޭތަން ހުވަފެނުން ވެސް ބަލަންފަށާ…” ރުހައިލު، އަރުފީނަށް ރައްދުގައި ފޮނުވި މެސެޖު ކިޔަމުން ދިޔައިރު އޭނާގެ ތިރީ ތުންފަތް ލޭކޮޅެއްހާ ރަތްވެގެންދިޔައެވެ. ތިރީތުންފަތުގައި ދަތްއަޅައިލައިގެން އިންލެއް ބާރުކަމުންނެވެ. އަޑުވީއްލާ ނުރޯން އިން ކަހަލައެވެ.

ދެ ލޯ ފުރިބަންޑުންވާންފެށިއިރު ވެސް އަރުފީނު އިނީ ތިރީ ތުންފަތުގައި ދަތްއަޅާލި ގޮތަށެވެ. އެ ތުންފަތުން ދޫކޮށްލައިފިނަމަ އޭނާއަށް މާބޮޑަށް ރޮވިދާނެހެން ހީވެފައި ކަހަލައެވެ. އަނގައިން އަޑެއްލައްވާލަން ބޭނުންނުވިޔަސް ރުހައިލުގެ ބަސްތަކުން އަރުފީނުގެ ހިތުގެ އެންމެ ފުނަށް އަސަރުކޮށްފިއެވެ. ގިސްލެވުމުގެ އާހެއް ކުއްލިއަކަށް ދެތުންފަތުގެ ދޭތެރެއިން ދެމިގަތީ އެހިނދުއެވެ. އެނދުމައްޗަށް ފޯނު ދޫކޮށްލާފައި މޫނުގައި ދެއަތްއަޅާ ބާރުކޮށްލުމާއެކު އަރުފީނު ބަންޑުން ވެއްޓިގަތެވެ.

އަރުފީނުގެ ކޮޓަރި ދޮރުމަތީ ހުރެ އަދިވެސް އެއްފަހަރު ފޮނުވުނު މެސެޖަށް ރުހައިލު ބަލާލިއެވެ. އަދި ނިތަށް އަރައިގެންދިޔަ ރޫތަކާއެކު އަވަސް އަވަހަށް ފޯނު ޖީބަށް ލިއެވެ. ހިތްހަމަނުޖެހިފައި ހުއްޓެއްކަމަކު ރުހައިލުގެ ލޮލުން ފާޅުވަމުންދިޔައީ ހިތާމަވެރިކަމެވެ. ފެންކަޅިވެފައި ހުރެ އެ ލޯ އެހެން މީހަކަށް ފެނުމުގެ ކުރިން ރުހައިލު ހިނގައިގަތީ ސިޑިއާ ދިމާއަށެވެ. އެއްހަރުފަތް މެދަށް ދޫކޮށްފައި ސިޑިން އަރައިގެން އައިސް ހާމަފެންޑާގައިވާ ރެއިލިންގައި ހިފަހައްޓާލަމުން ހުއްޓުނެވެ. އޭނާގެ ފަހަތުން ފަޒަލް އެތަނަށް އައެވެ. އެކުވެރިޔާގެ ހިތްހަމަޖައްސާދިނުމަށް ބުނާނީ ކީކޭކަމެއް ނޭނގިފައި ހުރި މީހަކު ހެން ރުހައިލަށް ބަލަން އިރުކޮޅަކު ހުރެފައި ފަޒަލް އައިސް އުނދޯލީގައި އިށީނެވެ.

ސިއްރުން ދެލޯ ފޮހެލަމުން ރުހައިލު އެކި ދިމަދިމާއަށް ނަޒަރު ހިންގަން ފެށިގޮތުން ހީވީ ލޮލަށް ކަރުނަޖަމާވިޔަ ނުދޭން އުޅޭހެނެވެ. އެހެންނަމަވެސް ސިކުނޑީގެ ނާރުތަކަށް އަރާފައި ހުރި ވާންކަމާއެކު ބޮލުގައި މަޑުރިހުމެއް އުފެދެމުން ދިޔައެވެ. ނިތްކުރީގައި ދޭތެރެއަކުން ރުހައިލު އަތްޖައްސާލައެވެ. ބައެއްފަހަރަށް ތުންއަނބުރާލުމާއެކު ދެބުމަ ގޮށްޖަހާލައެވެ. މިކަހަލަ ސަކަރާތެއްގައި ރުހައިލު އުޅުނެވެ. އެތަނުގައި ހުރި އުނދޯލީގައި އިން ފަޒަލް ހާމަފެންޑާގެ ހިޔާކޮށްފައި އޮތް ބަޔަށް ވަނެވެ. އެތަނުގައި ހުރި ސޯފާގައި ރުހައިލު ފެންނަހެން ޖައްސާލައިގެން އޭނާ އޮތެވެ. ދެލޯ މެރި ނިދިޖެހުނު އިރު ވެސް ރުހައިލު ހުރީ ކޮޅަށެވެ.

* * * *

ކުރިއަށް އޮތް ދުވަސްތަކުގެތެރެއިން ދުވަހެއްގައި މިލާން އާއި ފަޒަލްގެ ކައިވެނީގެ ރަނުގެ ހަފުލާ ނިމިގެންދިޔައެވެ. މެހެނާޒު ބޭނުންވި ގޮތަށް ހުރިހާ ކަމެއް ރޭވިގެން ކުރިއަށް ދިއުމުން އޭނާ ހުރީ ވަރަށް ހިތްހަމަޖެހިފައެވެ. ރަންކިއުމުގެ ހަފުލާ ވެސް ފާހަގަކުރީ އެހާމަ ކުލަ ގަދަކޮށެވެ. ޝުޢައިބަކީ އާދައިގެ ކަންކަމަށް ލޯބިކުރާ މީހެއް ނަމަވެސް މެހެނާޒުގެ ގޮތްދެއްކުންތައް ހުއްޓުވަން އޭނާ ވެސް ނޫޅެއެވެ. ބޭނުމަކަށްވީ އެ ދެމަފިރިންގެ ހުރި ހަމައެކަނި ދަރިފުޅުގެ އުފަލަށްޓަކައި މެހެނާޒު ކުރަން ބޭނުންކޮންމެ ކަމެއް ކޮށްދިނުމެވެ. ރަންކިއުމުގެ ހަފުލާ ނިމުމަކާއެކު އެންމެ ދުވަހެއް ވެސް މެހެނާޒު ލަހެއް ނުކުރިއެވެ. ރުހައިލު އާއި ފަޒަލްގެ ކައިވެނި އެއްދުވަހެއްގައި ކުރަން ނިންމާފައިވާއިރު ދެ ޢާއިލާގެ ދެމެދުގައި ޚިޔާލު ތަފާތުވުންތަކެއް ހުއްޓެވެ. މަލީކު އާއި ޝާރުދާ ބޭނުންވަނީ ދިވެހިވަންތަ ސަގާފީކުލަތައް ފެންނަ ގޮތަށް ކައިވެނީގެ ހަފުލާ ބޭއްވުމަށެވެ. ނަމަވެސް މެހެނާޒު ބޭނުންވަނީ ހުޅަނގުގެ ވައްޓަފާޅީގައި ހުންނަ ކަންކަން ހިމަނައިގެން ކައިވެނީގެ ހަފުލާ ބޭއްވުމަށެވެ. އެކަމަށް ހައްލެއް ގެނެސްދިނީ ޝުޢައިބެވެ.

ކައިވެނީގެ ކަންކަމަށް ތައްޔާރުވުމުގެ ގޮތުން ބޭނުންވާނެ އެއްޗެހި ހޯދުމަށް ރާއްޖޭން ބޭރަށް ރުހައިލުގެ ޢާއިލާ އާއި ފަޒަލްގެ ޢާއިލާ ފުރިއެވެ. ކައިވެންޏަށްޓަކައި އެންމެ ބޮޑަށް ޚަރަދުކުރާތަން ފެންނަނީ މެހެނާޒެވެ. ވިޔަފާރިކުރުމުގައި ތިންދުވަސް ހޭދަކޮށްފައި މާލެ އަންނަގޮތަށް ވަނީ ނިންމާފައެވެ. ސިންގަޕޫރުގެ ހޮޓަލެއްގައި މަޑުކޮށްގެން ދެ ޢާއިލާތިބިއިރު ކޮންމެ ރެއެއްގެ އެއްވަގުތެއްގައި ޝުޢައިބު ގެއިން ނިކުމެގެން ދެއެވެ. އެކަން މެހެނާޒު ފާހަގަކުރިއެވެ.

“ޝުޢައިބު، މިރޭ ވެސް ދަނީތަ؟ ކޮންތާކަށްތަ ކޮންމެ ރެއަކު ތި ދަނީ” ރޭގަނޑުގެ ކެއުމުގައި ބައިވެރިވުމަށް ތައްޔާރުވަމުން ދިޔަ މެހެނާޒު އަހާލިއެވެ.

“މިކޮޅުގައި އަހަރެންގެ ވަރަށް ގިނަ ރައްޓެހިން ތިބޭނެ، މިހެން އާދެވޭ ފަހަރަކު އެމީހުންގެ ކައިރަށް ގޮސްލަން ވާނެއެއްނު” ޝުއައިބު ލޯގަނޑު ކުރިމަތީ ހުރެ ސެންޓު ޖަހާލަމުން ބުނެލިއެވެ.

“ރައްޓެހިންނާއެކު މަޖާކޮށްފައި ގެއަށް އަންނައިރު ވެސް ހީވާނީ ދެންމެ ފެންވަރައިގެން ނިކުން މީހާހެން، ޝުޢައިބު، އަހަންނަށް ކަމެއް ސިއްރުކުރަންތަ؟” އެނދުމަތީ ބާއްވާލާފައި އޮތް ދަބަސްނަގާ އޭގައި ހިފަހައްޓާލައިގެން ޝުޢައިބުއަށް ބަލަން މެހެނާޒު ހުއްޓެވެ.

“ލަހެއްނުވޭތަ ތިހުންނަނީ، މިހާރު މަލީކުބެމެން ތިރިއަށް  ހިނގައިދާނެ، އަހަރެން ދެން ދަނީ” ޝުޢައިބު ކަންތައްކުރިގޮތުން މެހެނާޒަށް ކުރިއަށް ފިޔަވަޅެއް އެޅުމުގެ ބަދަލުގައި ހުއްޓުން އެރިއެވެ.

“ޝުޢައިބު، އިހަށް މަޑުކޮށްބަލަ، ކޮންއިރަކުން ތި ރަޙުމަތްތެރިންނާ އަހަންނާ ބައްދަލުކޮށްދޭނީ، އެހާ ގިނައިން ޝުޢައިބު ސިންގަޕޫރަށް އާދޭ، އަންނައިރު އަހަރެން ގޮވައިގެން އަންނާކަށް ބޭނުމެއްނުވާނެ، މިފަހަރު މިހިރީ މިކޮޅަށް ދެމީހުން އެކުގައި އާދެވިފައި، އަނެއްކާ އަހަރުމެންގެ ދަރިފުޅުގެ ކައިވެންޏަށް ޝުޢައިބުގެ ރައްޓެހިންނަށް ދަޢުވަތުދޭން ފެނޭ… އެހެންވީމަ ފުރުމުގެ ކުރިން އަހަންނާ އެމީހުން ބައްދަލުކޮށްދޭންވީނު” މެހެނާޒު ބުނެލިއެވެ. ޝުޢައިބު އަވަސް އަރުވާލާފައި “ހޫން” ލައްވާލާފައި ކޮޓަރިން ނިކުމެގެން ހިނގައްޖެއެވެ.

“ސިންގަޕޫރުގައި ޝުޢައިބު އެހާ ވަރުން އެބައެއްގެ ގާތަށް ދާންޖެހޭ ވަރުގެ އެއީ ކޮންބައެއްބާ؟ އަނެއްކާ ކޮންމެ އަހަރަކު އެއްފަހަރު ސިންގަޕޫރަށް ނުގޮހެއްނުވޭ، އަހަރެން ހިތްހަމަނުޖެހުނަސް ޝުޢައިބުދޭ… މިކަމާ ހެދި ބޮލުގައި ރިއްސާތާ ދެއަހަރުވެއްޖެ، ސެމިނާރއަކަށް ނޫނީ ވޯކްޝޮޕަކަށޭ ކިޔާފައި އަންނަ މީހާއަށް އަހަރެން ގުޅިޔަސް ފޯނު ނެގޭކަމަކަށް ނުވާނެ، އަބަދު ބިޒީ… މިވާގޮތެއް ނުބަލާ ހުރުން އެއީ ބުއްދިވެރިގޮތަކަށް ނުވެދާނެ” މެހެނާޒު އެކަނިހުރެ ވާހަކަދެއްކިއެވެ. އޭނާ އެހެން ހުއްޓާ ފަޒަލް އައިސް ކޮޓަރީގެ ދޮރުގައި ޓަކި ޖަހާލަމުން ހުޅުވާލިއެވެ.

“މަންމާ… އެންމެން ދާން އެދަނީ” ފަޒަލް މިހެން ބުނެލުމާއެކު މެހެނާޒު ކޮޓަރިން ނިކުމެގެން ފަޒަލްއާއެކު ހިނގައިގަތެވެ.

* * * *

އެކަނިމާއެކަނި ގޭގައި އަރުފީނު އުޅެއެވެ. އޭނާ ސޮފޫރާއަށް ގުޅާފައި ގެއަށް ގެންދިއުމަށް އެދި އާދޭސްކުރިއެވެ. ނަމަވެސް އާތިޤާ އާއި ލުތުފީގެ ކައިވެނި ކުރެވުމުން ނޫނީ އެގެއަށް އަރުފީނު ގެންނަން އާތިޤާ ބޭނުންނުވާކަމުގައި ސޮފޫރާ ބުނެއެވެ. ސޮފޫރާއަށް އަރުފީނަށް ބަދަލުތަކެއް އައިހެން ހީވި ނަމަވެސް އެކަން ގުޅިފައިވަނީ ކޮންކަމަކާކަމެއް ނޭނގުނެވެ. އަރުފީނުގެ ހިތްހަމަޖައްސާ ދިނުމަށް ޔުނިވަރސިޓީ ނިމޭގަޑިއަށް އޭނާ ބަލާ ސޮފޫރާ ދެއެވެ. ދެކުދިން އެކުގައި ވަގުތުކޮޅެއް ހޭދަކޮށްލުމަށްފަހު އެނބުރި ޝާރުދާމެންގެއަށް އަރުފީނު ގެނެސް ލާދެއެވެ. އެކުގައި އުޅޭއިރު އަރުފީނާ ވަރަށް ގިނަ ސުވާލު ސޮފޫރާ ކުރިއެވެ. އެގޭގައި އުޅޭ މީހުންނާ ބެހޭ އިތުރުކަންތައްތައް އޮޅުން ފިލުވަން ސޮފޫރާ އުޅޭވަރުން އެކަމާ އަރުފީނު ހިތްހަމަނުޖެހެއެވެ.

“އެއީ އަހަރުމެންނާ ބެހޭ ބައެއްނޫން، ސޮފޫދައްތަ ކިޔައިދީބަލަ، ތިގޭގެ ކަންތައްތައް، އުޒައިރު އާއި އުނައިސް ކޮބާތަ؟” ޑައިންމޯގައި ސަބްމެރިން ކާން އިނދެފައި އަރުފީނު ބުނެލިއެވެ. އެއާއެކު ސޮފޫރާ ޝާންގެ ވާހަކަ އަރުފީނަށް ކިޔައިދިނެވެ. އުނައިސްއާ ދެމެދު އުފެދުނު ހަމަނުޖެހުންގަނޑުގެ ވާހަކަ ވެސް ސޮފޫރާ ކިޔައިދިނެވެ. ލޯބީގެ ވާހަކަ ސޮފޫރާ ދައްކަން ފެށުމުން އަރުފީނަށް އެ މަޢުލޫއާއިގެން ކުރިއަށް ދާން ފަސޭހައެއްނުވިއެވެ. އޭނާ މަޑުމަޑުން ސޮފޫރާގެ ވާހަކަ އަޑުއަހަން އިނީއެވެ. އަމިއްލަ ވާހަކައިގެ ތެރެއަށް ވަދެފައި އިންވަރުން ސޮފޫރާއަށް ވެސް އަރުފީނުގެ ދެލޮލުން ކަމަކަށް އިޝާރާތްކުރާކަން ދެނެގަންނަން ނޭނގުނީއެވެ.

ކައިވެނީގެ ކަންކަން ނިންމުމަށް ކުރި ދަތުރު ނިންމާފައި އެންމެން އައިސް ގެއަށް ވަންކަމެއް އަރުފީނަކަށް ނޭނގެއެވެ. އޭނާ އިނީ ހާމަފެންޑާގައި މިނިވަންކަމާއެކު ފިލާވަޅެއްގެ މަސައްކަތް ކުރުމަށެވެ. ކައިރީގައި ދެތިން ފޮތް ހުޅުވާލާފައި އޮތްއިރު އެ ފޮތްތަކުން ބަލައިގެން އަރުފީނުގެ މަސައްކަތް ކުރިއަށް ގެންދިޔައެވެ. އިރުއޮއްސެން ކައިރިވަމުން އަންނާތީ ދުނިޔެމަތި އޮތީ ފިނިވެފައެވެ. މަޑުމަޑު ވައިރޯޅިތައް ހުޅުވާފައި ހުރި ދޮރުން ވަދެނިކުމެވެއެވެ. ކުރަން އިން މަސައްކަތަށް ގެއްލިފައި އިންވަރުން އަރުފީނުގެ ފަހަތުން މީހުން އައިސް އެއްފަރާތުގައި މަޑުކޮށްލައިގެން ހުރިކަން އެނގުނީ މާފަހުންނެވެ. ސިހިފައި ބަލާލިއިރު ހަޝަމްބަދެލައިގެން އަރުފީނަށް ގެއްލިފައި ހުރިހެން ރުހައިލު ހުއްޓެވެ. އޭނާ ފެނުމާއެކު އެނބުރި މަސައްކަތަށް ސަމާލުވާން އަރުފީނު އުޅުނެވެ. އެހެންނަމަވެސް އެކަން ފަސޭހަކަމަކަށް ނުވިއެވެ.

“އަހަރެން ހުރީމަ އުނދަގޫވީތަ؟” ލިޔަންގެންގުޅުނު ގަލަން ފޮތުގައި އެތައްފަހަރަކު ޖައްސާލާފައި ވެސް އަރުފީނަށް ނުލިޔެވިގެން އުޅޭހެން ހީވުމުން ރުހައިލު ބުނެލިއެވެ.

“ނޫން” އަރުފީނު ފޮތަށް ބަލަން އިނދެ ބުނެލިއެވެ.

“ބުރާސްފަތި ދުވަހުގެ ރޭ ކައިވެނި ކުރާގޮތަށް ހަމަޖެހިއްޖެ. އެރޭ އަށްގަޑިބައިގަ” ނުރުހުންވެފައި ހުރެ ރުހައިލު ބުނެލި ކަހަލައެވެ.

“ކޮންގްރެޓްސް…” އަރުފީނު ބުނެލިއެވެ.

“ބަލާބަލަ އަހަންނަށް، އެންމެ ގާތް އެކުވެރިޔާއާ ވާހަކަދައްކާއިރު ލޮލާ ލޯ އަމާޒުކޮށްލަން އުނދަގޫވެގެން ތިއުޅެނީ ކީއްވެތަ؟ އަހަރެން މިހިރީ މިތަނުގައޭ، އަރުފީނުގެ ކުރިމަތީ….” ރުހައިލު ބުނެލިއެވެ. އެއާއެކު އަރުފީނު ލަސްލަހުން އިސްއުފުލާލުމާއެކު ރުހައިލަށް ބަލާލީ ނުކެރިފައި އިނދެއެވެ.

“ރުހައިލަށް އަދި ވިސްނޭނެ، ނައިރާއަކީ ވަރަށް ރަނގަޅުކުއްޖެއް، އޭނަ ރުހައިލުދެކެ ވަރަށް ލޯބިވޭ، ތި ދެމީހުން އެކުގައި ހުންނައިރު ނުހަނު ގުޅޭ… އަހަރެން… އަހަރެން އުފާވޭ ރުހައިލަށް ރަނގަޅު މުސްތަޤުބަލެއް ލިބެން އުޅޭތީވެ، އަހަރެން މިހިރީ އުފަލުން… ތި ދެމީހުންނަށްޓަކައި އުފަލުން” އަރުފީނު ބުނެލިއެވެ.

އަނގައިން ފޫހިކަމުގެ އަޑެއްލައްވާލުމާއެކު ރުހައިލު އަރުފީނަށް ފުރަގަސްދިނެވެ. އެހެން ހުރެފައި އެނބުރި ދާން އޭނާ ހިނގައިގަތެވެ. ސޯފާގެ ފަހަތުގައި އަރުފީނުގެ ފުރަގަހުގައި ރުހައިލު ހުއްޓިލިއެވެ.

“ހަޔާތަށް ކޮންމެ މީހަކު އަޔަސް އެމީހަކީ އަރުފީނަކަށް ނުވާނެ… އެކަމަކު އަރުފީނު ހުރީ އުފަލުންކަމަށްވަންޏާ އަހަރެން ކީއްވެ އުފާނުވާންވީ” ރުހައިލު މިހެންބުނުމާއެކު އަރުފީނުބުނާ އެއްޗެއް އަޑުއެހުމުގެ ބަދަލުގައި އެތަނުން ހިނގައްޖެއެވެ.

އަރުފީނު ކުރަން އިން ކަންތައް ހުއްޓާލީ ލިބުނު ނުތަނަވަސްކަމެއްގެ ބޮޑުކަމުންނެވެ. އޭނާ ފޮތްތައް ލައްޕާލާފައި އެއްޗެހިތައް ހިފައިގެން ތިރިއަށް އައެވެ. އޭނާގެ ކޮޓަރިއަށް ވަންނަނިކޮށް ލިފްޓުން ނިކުން ޝާރުދާ ގޮވާލިއެވެ. އެހެންވެ ހުރިހާ އެއްޗެއް ކޮޓަރީގައި ބަހައްޓާފައި އައިސް ޝާރުދާގެ ކޮޓަރީގައި ޓަކި ދިނެވެ.

“އަރުފީނު، ރުހައިލުގެ ކައިވެނި ބުރާސްފަތި ދުވަހުގެ ރޭ ކުރާގޮތަށް ހަމަޖެހިއްޖެ، ޕާޓީ ވެސް އޮތީ އެރޭ… ކައިވެނި ކޮށްދިނުމުގެ ކަންތައްތައް ވެސް ކުރިއަށް ދާނީ އެތަނުގައި، ރުހައިލު ވަރަށް އެދުނު އަރުފީނު ގެނެސްދޭންވާނެ ކަމަށް ޕާޓީއަށް، ދައްތަ ވެސް ބޭނުންވަނީ އަރުފީނު އެކަމުގައި ބައިވެރިވާން…. ދައްތަ އޮންނާނެ އަރުފީނަށް ހެދުމެއް ވެސް ތައްޔާރުކޮށްފައި، ސަގާފީ ހެދުމެއް، ހެޔޮވަރު ކުރަން މާދަމާ ހެނދުނު ދާން އެބަޖެހޭ، މި ގޮވާލީ ވެސް އެހެންވެ، މާދަމާ އަރުފީނުގެ ކުލާސްތައް އޮތްގޮތެއް އަހާލަންވެގެން، ހުސްވަގުތެއް ބުނީމަ ދައްތަ ދާނަން ކާރުގައި، އޭރުން ގޮސް ހެދުން ހެޔޮވަރުކޮށްލާފައި އެނބުރި ޔުނިވަރސިޓީއަށް ދެވޭނެއެއްނު ދޯ” ޝާރުދާ ބުނެލިއެވެ. ރުހައިލު ފޮނުވާފައި އޮތް މެސެޖުގެ މަތިން އަރުފީނު ވަގުތުން ހަނދާންވިއެވެ. އޭނާގެ ކައިވެންޏަށް އަރުފީނު ދާން ބޭނުންނުވިޔަސް ރުހައިލު އޭނާ ގެންދާނެކަން މިހާރު އަރުފީނަށް ޔަޤީންވެއްޖެއެވެ. ޝާރުދާ ބުނުމުން ނޫނެކޭ ބުނަން ނުކެރޭނެކަން އެނގޭތީވެ ރުހައިލު ގަސްދުގައި ރޭވި ރޭވުމެއްކަމުގައި އަރުފީނު ޤަބޫލުކުރިއެވެ.

“ވާހަކަދައްކަބަލަ، ކޮންކަމަކަށް ގެއްލިފަ ތިއިނީ” ޝާރުދާ، އަރުފީނުގެ އަތުގައި ހިފާލިއެވެ.

“އަޅުގަނޑު މީގެ ކުރިން ދުވަހަކު ވެސް ހެދުމެއްނުލަން… މިބުނީ ދިގުކޮށް ހުންނަ… ނުކެރޭނެ ލާކަށް” އަރުފީނު ދާން ބޭނުންނުވެފައި އިންއިރު އެކަމަށް އުޒުރުވެރިވާނޭގޮތެއް ހޯދިއެވެ. ނަސީބަކުން އޭނާ ދޮގެއް ހެދުމުގެ ބަދަލުގައި ހަޤީޤަތް ހާމަކުރިއެވެ.

“އެއްޗެކޭ ނުބުނެ އިނީމަ ދައްތައަށް ހީވެއްޖެޔޭ ތިޔަހެން، އެކަމަކު ބުނަން، އަންހެންކުދިން އަންހެންވަންތަކޮށް ތިބެންވާނީ، ފިރިހެނުންހެން އުޅުނީމަ މީހުންނަށް ކަމަކު ނުދާނެ، ދައްތައަށް އެނގޭ އަރުފީނު ވަރަށް ރީތިވާނެކަން ސަގާފީ ހެދުމެއްގައި ހުންނައިރު، އަނެއްކާ ރުހައިލުގެ ފަރާތުން ކައިވެންޏަށް އަންނަ ހުރިހާ މީހުން ތިބޭނީ އެއްކަހަލަ ގޮތަކަށް ހެދުން އަޅާފައި، ރުހައިލުގެ ރަޙުމަތްތެރިއެއްނު އަރުފީނަކީ، ދައްތައަށް އެނގޭ ރުހައިލު ވަރަށް އުފާވާނެކަން އަރުފީނު އެގޮތަށް އޭނާގެ ކައިވެނި ހަފުލާއިން ފެނުނީމަ، މިހާރު ތިލާ ކަހަލަ ހެދުން ވެސް ކުރީކޮޅު ލާންވީމަ އަރުފީނަށް އުނދަގޫވިއެއްނު، އެކަމަކު ދުވަސްކޮޅަކުން އެއްގޮތްވެއްޖެއެއްނު…. މިކަން ވެސް ދައްތައަށްޓަކައި ކޮށްދީ، ހަމަ ޔަޤީން ހުތުރުނުވާނެކަން، ރީތި ރުމާފަޅިއެއްވެސް ދައްތަ އެބަ ހަދުވަން އަރުފީނުގެ ބޮލުގައި އެރޭ ހަރުކުރަން… ދައްތަގެ އަންހެން ދަރިއަކު ހުރިނަމައޭ ބައެއް ފަހަރު ހިތަށް އަރާ، އޭރުން ނިކަން ނަލަކޮށްލާފައި ބަހައްޓާނީ” ޝާރުދާ ހީނލިއެވެ. އަރުފީނުގެ ތުންފަތުގައި ވެސް ހިނިތުންވުމެއް ދުވެލިއެވެ. ޝާރުދާގެ އެއްވެސް އެދުމަކަށް ނޫނެކޭ ބުނަން އާދަވެފައި ނުވާ އަރުފީނަށް ޖެހުނީ ހުރިހާ ކަމަކަށް ޤަބޫލުވާށެވެ.

އެކަނިމާއެކަނި ކޮޓަރީގައި ރުހައިލު ވަގުތު ހޭދަކުރިއެވެ. އަބަދުމެ ހުންނަނީ ފިކުރެއްގައި ހުންނަ މީހަކު ހެންނެވެ. ޝާރުދާ ނައިރާގެ ވާހަކަ ދައްކަން ފަށާއިރަށް ރުހައިލު ބަލަނީ އަވަހަށް އެތަނެއްގައި ނުހުރެ ދުރަށް ދެވޭތޯއެވެ. ހީނލާފައި ޝާރުދާ އެކަން ބޮޑުކަމަކަށް ނުހަދައެވެ. ކައިވެނި ކުރާ ދުވަސް އެހާ ކައިރިވެފައި އޮތްއިރު ނައިރާ ރުހައިލުމެން ގެއަށް އައުން ރަނގަޅު ކަމެއްގެ ގޮތުގައި ޒާހިރު އާއި މަރިޔަމް ނުދެކޭތީ އެކަމާ ޝާރުދާ ވެސް ބާރެއް ނާޅައެވެ. އެކަމަކު ނައިރާ ހުރީ ނޭނގުމެއްގެ ތެރޭގައިކަން ޔަޤީނެވެ. އޭނާ ރުހައިލަށް ގުޅިޔަސް ފޯނެއް ނުނަގައެވެ. ގިނަ ފަހަރަށް ދިމާވަނީ ފަޒަލްގެ ފޯނަށް ގުޅައިގެން އޭނާ ރުހައިލުގެ ގާތަށް ފޮނުވައިގެންނެވެ. އެހެން ވާހަކަދައްކާ ފަހަރަކު ވެސް ނައިރާއާ މާގިނަ ވާހަކައެއް ރުހައިލު ނުދައްކައެވެ. ދެތިން އެއްޗެއް ބުނެލާފައި ވަރަށް އަވަހަށް ފޯނު ބާއްވައެވެ. ރުހައިލުގެ ކަންތައް ހުންނަ ގޮތުން ފަޒަލް އޭނާއަށް އެތައް ފަހަރަކު ނަޞޭޙަތްދީފިއެވެ. އެހެންނަމަވެސް އޭނާއަށް އެއަޑު ނީވޭ ކަހަލައެވެ. ގަބުވެފައި ހުންނައިރު އޭނާގެ ހިތާ ސިކުނޑީގައި ވަނީ އަރުފީނުގެ ޚިޔާލެވެ. އަރުފީނު އޭނާދެކެ ލޯބިވުމަށް ހިތާއި ނަފުސުން އެދެވެނީއެވެ.

* * * *

“އަރުފީނު ލޯބިވެޔޭ ބުނެފިއްޔާ އަހަރެން ނައިރާއަކާ ނީންނާނަން” ހަވީރުގެ ވަގުތުގައި ފަޒަލް އާދޭސްކުރާވަރުން އޭނާއާއެކު ކޮފީއެއް ބޯލުމަށް ކެފޭއެއްގައި އިން ރުހައިލު ބުނެލިއެވެ.

“އަހަރެން ނެތިން އެއްޗެއް ބުނާކަށް، ސައުވީސް ގަޑިއިރު އަރުފީނު…އަންހެންކުއްޖަކު ލޯބިނުވެޔޭ ބުނީމަ ދެން އެވީ އޭނާގެ މަތިން ހަނދާންނައްތާލަން” ފަޒަލް ދެފަރާތަށް ބޯހޫރާލިއެވެ.

“އަހަންނަށް އަރުފީނު އެނގޭގޮތަށް ފަޒަލްއަށް އޭނައެއް ނޭނގޭނެ” ރުހައިލު ބުނެލިއެވެ.

“ރަނގަޅީ ވެސް ނޭނގުނިއްޔާ، ހެޔޮނުވާނެ، ދެފައިގައި ހިފާ އާދޭސްކުރަން، އެހެންވާހަކައެއް ދައްކަބަލަ” ފަޒަލް ބުނެލިއެވެ. އެއާއެކު ރުހައިލު ހިމޭންވިއެވެ. ދެން ވާހަކަފެށީ ފަޒަލްއެވެ. އޭނާ މިލާން މެންގެއަށް ދިޔަ ވާހަކައެވެ. މިލާންގެ މައިންބަފައިންނާ ބައްދަލުކުރި ވާހަކައާއި އެމީހުންގެ ހެޔޮކަމުގެ ވާހަކަ ކިޔައިދިނެވެ.

“ފަޒަލްއަކީ ނަސީބުވެރިއެއް، އަހަރެން އުފާކުރަން އަހަންނަށް އިހުސާސް މިކުރެވޭފަދަ ވޭނެއް ފަޒަލްއަށް އުފުލަން ނުޖެހުނީތީވެ، ކައިވެނި ހަފުލާ ކުރިއަށްދާއިރު ހަމަގައިމު ވެސް އެތަނުގައި އުފަލުންތިބޭނެ ދެބައިވެރިން ފެންނާނެ، ފަޒަލް… ބުނޭ… ކައިވެނީގެ ހަދިޔާއަކަށް މި އެކުވެރިޔާގެ އަތުން ބޭނުމީ ކޮންއެއްޗެއް؟” ރުހައިލު މަސައްކަތް ކުރީ ފަޒަލްގެ ވާހަކަތަކުން އޭނާގެ އުފަލުގައި ބައިވެރިވެވޭތޯއެވެ.

“ބީ ކެއަރފުލް ރުހައިލު، އަހަރެން ނޭދޭނަން ކުޑައެއްޗަކަށް” ހީނލާފައި ފަޒަލް ބުނެލިއެވެ.

“އަހަރެންގެ ބާރުގައި ވާ ކޮންމެ އެއްޗެއް ފަޒަލް އާއި މިލާންއަށް ދޭނަން، ބުނޭ… މިކަހަލަ ދެވަނަ ފުރުޞަތެއް ނުލިބޭނެ” ރުހައިލު ބުނެލިއެވެ.

“އޯކޭ، އަހަރެން… އަހަރެން ބޭނުންވަނީ ރުހައިލު ނައިރާއާ މެރީކޮށްގެން އޭނާ އުފަލުގައި ބަހައްޓަން، މިހާރު ތިއުޅޭ ގޮތުން އަހަރެން ބިރުގަނޭ، ރުހައިލު އާއި ނައިރާގެ ކައިވެނި ކާމިޖާބު ކައިވެންޏަކަށްވާން އަހަރެން ވެސް ބޭނުން، ނައިރާގެ ކުށަކީ ކޮބާ؟ އޭނާ ކައިވެންޏަށްފަހު ރުހައިލުގެ ސަބަބުން ކަރުނަ އަޅާތަން ދެކެން އަހަރެން ބޭނުމެއްނުވޭ، ރުހައިލު… އަހަންނަށް އެ ހަދިޔާ ދޭނަންތަ؟ ކައިވެންޏަށްފަހު ނައިރާ އުފަލުގައި ބަހައްޓާނަންތަ؟ ދުވަހަކު ވެސް ނައިރާއަށް އެނގިގެން ނުވާނެ ރުހައިލުގެ ފަރާތުން އޭނާދެކެ ލޯބިނުވާކަން، ދުވަހަކު ވެސް އެނގިގެން ނުވާނެ ނައިރާއަށް ރުހައިލު އަރުފީނު ދެކެ ލޯބިވީންކަން” ފަޒަލް ވަރަށް ސީރިއަސްވިއެވެ. އޭނާއަށް ބަލަން އިން ރުހައިލު އެއްމިޔަކަނިން ހީނލާފައި ވާހަކަދައްކަން ފެށިއެވެ.

“މިއަދު ތިނޫންގޮތެއް އަހަންނަށް އެބައޮތްތަ؟ އަހަންނަކީ ކޮންކަހަލަ ފިރިހެނެއްކަމަށްތަ ފަޒަލް ހީކުރަނީ؟ އަހަންނަށް ވެސް އެނގޭ ކައިވެންޏަކީ ކިހާ ވަރެއްގެ ގުޅުމެއްކަން، ބޭނުންނުވުމުން ވަރިވެފައި، އަނެއްކާ ވެސް ހިތްޖެހުނީމާ އިނދެފައި… މީކީ އަދި މީހުން އުޅެގެންވާނޭ ގޮތެއްނޫންކަން އެނގޭ، ނައިރާއާ އިނުމަށްފަހު އޭނާ ދޫކޮށެއްނުލާނަން، ހިތުގައި އޮތް އެއްޗެއް އޭނާއަށް އެނގުނަކަ ވެސް ނުދޭނަން، އެކުގައި އުޅެވޭތޯ ކުރެވުނު މަސައްކަތެއްކުރާނަން، އެކަމަކު އަހަރެންގެ ދިރިއުޅުމަށް އަރުފީނު އަންނަން ބޭނުންވެއްޖެނަމަ، އެ ދުވަހަކުން އޭނާއަށް އަހަރެން އެ ފުރުޞަތު ދޭނަން…. ހެ ހެ ހެ… އެހެންވާން އަހަރެން ބޭނުންވިޔަސް އަހަރެންގެ ހިތް ވެސް އެއްބަސްވޭ އަރުފީނު އަހަންނާ ނައިރާއާ ދެމެދަށް ނުވަންނާނެކަން” ރުހައިލުގެ މޫނުމަތިން ފެނިގެންދިޔައީ ނާއުންމީދުގެ އަސަރުތަކެވެ. އަމިއްލަ ނަފުސަށް މަލާމާތްރައްދުވާ ފަދަ ހިނިތުންވުމެކެވެ.

“އަހަންނަށް އެނގޭ ރުހައިލަކީ އަންހެނުންނާ ހެދިގެން އުޅޭ ފަދަ ޒުވާނެއްނޫންކަން، އަދި މި ކައިވެނި މި ކުރެވެނީ ކިހިނެއް ކީއްވެގެންކަން ވެސް އަހަންނަށް އެނގޭ، އަދި ތި އެކުވެރިޔާގެ ހިތުގައި ހިނގާ އިހުސާސްތައް ދެނެގަންނަން މުޅިން ނޭނގުނުކަމުގައި ވިޔަސް ރުހައިލު އުޅޭގޮތް އަހަންނަށް ފެނޭ… މިއަދު މިނޫންގޮތެއް އޮތްނަމަ އަހަރެން ވެސް ބާރެއް ނާޅާނަން މި ކައިވެނި ކުރާކަށް، މަލީކުއަންކަލްއާ ދެކޮޅަށް އެއްޗެއް ބުނާކަށް އަހަންނަކަށް ނުކެރޭނެ، އަނެއްކޮޅުން އަހަންނަށް އެނގޭ ރުހައިލު އެގޮތް ބޭނުމެއް ވެސް ނުވާނެކަން…. ޚުދު އަހަންނަށް ވެސް މައިންބަފައިންގެ އިހުސާސްތަކަށް ޤަދަރުކުރުމުގެ މުހިއްމުކަން ހަނދާންކޮށްދެމުން އައީ ތިއެކުވެރިޔާ، މިއަދު އެމީހުންގެ ހިތްހަމަޖެހުމަށްޓަކައި ރުހައިލުގެ މުޅި ދިރިއުޅުން ތިގުރުބާންކޮށްލަނީ، އަރުފީނަކީ އެހެން އަންހެން ކުދިންނާ ތަފާތު ކުއްޖެއް، އެކަމަކު ބޮޑުހިތެއް ލިބިފައިވާ ހިތްހެޔޮ އޯގާތެރި ކުއްޖެއް، އަހަންނަށް އޭނާ ރުހައިލަށް އެނގޭހެން ނޭނގުނަސް، ރުހައިލު ތިބުނާ އެއްޗަކާ އެއްބަސްވެވޭ… މިގޭ މީހުން ނުރުހޭނެކަމެއް އޭނާ ނުކުރާނެ، ކައިވެންޏަށްފަހު ދިރިއުޅުން ބައްޓަންވެގެންދާނެގޮތެއް އެކަކަށް ވެސް ނޭނގޭނެ، މިއަދު ރުހައިލުގެ އަތުން ބީވެގެންދާ ލޯބި އެދުވަހަކުން ލިބުމަކީ ވެސް ނުވާނެކަމެކޭ އަހަރެން ނުބުނާނަން، އެދުވަހުން އަހަންނަށްވުރެ އުފާވާނެ މީހަކު ވެސް ނުހުންނާނެ…..” ފަޒަލް އެކުވެރިޔާއާ ހަތަރުކަޅި ހަމަކޮށްލަމުން ލުއި ހިނިތުންވުމެއް ބަދަލުކޮށްލިއެވެ.

ރުހައިލުގެ ހިތުގައި ފަޒަލްގެ މައްޗަށް ބުރަކަމެއްނުވެއެވެ. އޭނާއަށް އެ އެކުވެރިޔާ ރަނގަޅަށް އެނގެއެވެ. ކޮންމެ ގޮތަކުން ވިޔަސް ސީދާމަގަށް ރުހައިލު އަޅުވާނެކަން އޭނާ ދަނެއެވެ. އެތައްއިރަކު ކޮފީމޭޒު ދޮށުގައި ދެ ޒުވާނުން އެކިވާހަކައިގައި ތިއްބެވެ. ގެއަށް އައުމަށް ހިތަށް އެރީ ވެސް ޝާރުދާގެ ފޯނުކޯލެއް ރުހައިލަށް ލިބުމުންނެވެ.

ފަޒަލް އާއިއެކު ރުހައިލު އައިސް ބޮޑުކޮޓަރިތެރެއަށް ވަންއިރު ޝާރުދާގެ ބައްތިރީސް ދަތް އެއްކޮށް ފެންނަން ހުއްޓެވެ. ރުހައިލުގެ ގާތަށް އައިގޮތުން ހީވީ އުދުހިގަންނަން ބޭނުންވެފައި ހުރި ހެންނެވެ. ހައިރާންވެފައި ފަޒަލް އާއި ރުހައިލު އެކަކު އަނެކަކަށް ބަލާލިއެވެ. ޝާރުދާއަށް ލިބުނީ ކޮންކަހަލަ އުފަލެއްކަމެއް ނޭނގިފައެވެ. މިފަހަކަށް އައިސް ޝާރުދާ އެހާ އުފާވެފައި ހުއްޓާ ނުފެނެއެވެ.

“މަންމާ” ރުހައިލު ގޮވާލިއެވެ.

“ދަރިފުޅުގެ ދޮންބެ މާލެ އަންނަނީނު، ކައިވެނީގެ ކަންތައްތައް ނިމުނީމަ މިކޮޅުގައި އެއްހަފްތާ މަޑުކޮށްފައޭ ބުނީ ދާނީ” ހިނިއައިސްފައި ހުރެ ޝާރުދާ ބުނެލިއެވެ. ނަމަވެސް ރުހައިލުގެ މޫނުމަތިން އުފާވެރިކަމެއް ފާޅެއްނުވިއެވެ. ހިތުގައި ނޭނގޭ ރުޅިވެރިކަމެއް އަނދައިގަތްކަހަލައެވެ.

“ދޮންބެ އެކަނިތަ އަންނަނީ” ރުހައިލު އަހާލިއެވެ.

“އާން، ޝެރީލްއަށް މިދުވަސްކޮޅު އާދެވެން ނެތީއޯ” ޝާރުދާގެ މޫނުމަތިން މިލައިގެން ދިޔައެވެ.

“އާދެވެން ނެތީތަ ނޫނީ އަންނަން ބޭނުންނުވަނީތަ؟” ފޫހިވެފައި ހުރެ ރުހައިލު ބުނެލިއެވެ. އެއާއެކު ފަޒަލް، ރުހައިލުގެ ކޮނޑުގައި ޖެހިގަތެވެ.

“އަހަރުމެންގެ މީހަކީ އިޒުވާނެއްނު، އޭނާ އައީމަ މަންމައަށް ފުދޭނެ” ޝާރުދާ މަޞްލަޙަތުގެއްލިދާނޭތީވެ ބުނެލިއެވެ. ރުހައިލު އިތުރަށް އެއްޗެކޭ ނުބުނެ ހިނގައިގަތީ އޭނާގެ ކޮޓަރިއަށެވެ. ފަޒަލް، ރުހައިލުގެ ފަހަތުން ދިޔައެވެ.

* * * *

ކައިވެނީގެ ކަންކަން މަޑުމަޑުން ހަމަޖެހި ދުވަސްޖެހުނު އިރު ހުރިހާކަމެއް ވެސް އެންމެން ބޭނުންވިގޮތަށް ނިންމާލެވުނެވެ. އިރުއޮއްސުނު އިރު ޝާރުދާ އެކިކޮޅުކޮޅަށް ދުވާތަން ފެނެއެވެ. އެންމެން ތައްޔާރުވިތޯ ބަލާށެވެ. ހުރިހާ އެންމެންގެ ކަންތައް ބަލާފައި އޭނާގެ ހަނދާނަށް ދެން އައީ އަރުފީނެވެ. އިތުރަށް ހާސްވެގެން ތެޅިގަނެފައި ހަލުވިކޮށް އައިސް އަރުފީނުގެ ކޮޓަރިއަށް ވަނެވެ. އޭރު ޝާރުދާ ގެނެސްދިން ހެދުން ލައިގެން ލޯގަނޑުކުރިމަތީ ހުއްޓުން އަރާފައި އަރުފީނު ހުއްޓެވެ. ފެންކަޅިވެފައިވާ ދެލޮލުން ފުސްވެފައިވާ އަމިއްލަ ސޫރައަށް ބަލަހައްޓައިގެންނެވެ.

“އަރުފީނު، ކިހިނެއްވެފައި ތިހުންނަނީ، މޭކަޕް ވެސް ނުކުރަން ދޯ، ކޮބާތަ ޝާނީ، އަންނާނަން އޭނާ ގޮވައިގެން… އަވަސްކުރޭ، އަދި އުޅާ ވެސް ނާޅާ ތިހިރީ” ޝާރުދާ ހާސްވެފައި ހުރެ ވާހަކަދެއްކިއެވެ. އަދި މޭކަޕްކޮށްދޭން އައިސް އުޅޭ ކުއްޖާ ހޯދަން އޭނާ ހިނގައިގަތެވެ.

މަޑުމަޑުން ދެ ލޯ ފުހެލުމާއެކު އަރުފީނު ރީތިވާ މޭޒުމަތީ އޮތް އުޅާ ނަގާ އަތުގައި އަޅާލިއެވެ. އަދި ޒަމާނީގެތުމަކުން ގަތާފައި އޮތް ހިފަ ފައްޓަރުބައެއް ކަރުގައި އެޅިއެވެ. އެހިނދު ޝާރުދާގެ އަޑުއިވުނެވެ. އޭނާ ޝާނީ ގޮވައިގެން އައިސް އެކޮޓަރިއަށް ވަނެވެ. އަދި އަރުފީނު ދެއްކުމާއެކު އޭނާގެ މޭކަޕް ކުރުމަށް ޝާރުދާ އެދުނެވެ. ޝާނީ ބޯޖަހާލާފައި އޭނާގެ އަތުގައި އޮތް ފޮށީ ރީތިވާ މޭޒުގައި ބެހެއްޓުމާއެކު ހުޅުވާލިއެވެ. އަރުފީނުގެ މޫނު ސާފުކޮށްލުމާއެކު ޝާނީ އޭނާގެ މަސައްކަތް ފެށިއެވެ.

* * * *

ޢާއިލާ ކޯޓުން ލުތުފީ އާއި ޢާތިޤާ ނިކުތްއިރު، ލުތުފީގެ ރަޙުމަތްތެރި ޝާހީމުއާ ދިމާވިއެވެ. ލުތުފީއަށް މަރުޚަބާ ކިޔުމާއެކު އާތިޤާއަށް ޝާހީމު ހިނިތުންވެލިއެވެ.

“ހާދަ އަވަސްއަރުވާލާފައި، ކައިވެންޏެއްގެ ކަންތަކާތަ ތިދަނީ” ކޯޓުގެ ކައިރީ އޮތް ބަހާ ދިމާއަށް ޝާހީމު ދާކަން އެނގުމުން ލުތުފީ ބުނެލިއެވެ.

“ލައްބަ، މަލީކުއެނގެއެއްނު، އެގޭ ދެކުދިން މިރޭ ކައިވެނިކުރަނީ” ޝާހީމު ބުނެލިއެވެ.

ލުތުފީގެ ކާރަށް އާތިޤާ އެރުމާއެކު އޭނާ ވެސް އަރާ ކުރީ ސީޓުގައި ހަމަޖެހިލާފައި ކާރު ދުއްވާލިއެވެ. އަދި ހިތްހަމަޖެހުމުގެ ހިނިތުންވުމަކުން އާތިޤާއަށް ބަލާލިއެވެ.

“އެއީ އަރުފީނު ހުންނަގޭގެ މީހާ ދޯ، ސޮފޫރާ ބުނި، އަރުފީނު ހުންނަގޭ ކުދިން ކައިވެނިކުރާތީ އެ ހަފުލާއަށް ދާންޖެހޭ ވާހަކަ، އެހެންވީމަ ތަންކޮޅެއް ލަހުންކަމަށް އާދެވޭނީ” އާތިޤާ ބުނެލިއެވެ.

“ޙައިދަރު ގުޅައިފިތަ މަލީކަށް، އަހަރެން ބޭނުންވަނީ ވީހާ ވެސް އަވަހަކަށް ހުރިހާ ކަމެއް ނިންމަން، އާތިޤާއަށް ވެސް ހިތްހަމަޖެހުމެއް ލިބޭނީ އޭރުން” ލުތުފީ ބުނި އެއްޗަކަށް އާތިޤާ ބޯޖަހާލިއެވެ.

ލުތުފީ އާއި އާތިޤާއަށް ބޮޑުކޮޓަރިތެރެއަށް ވަދެވުމާއެކު އުޒައިރު ދުވެފައި އައިސް އާތިޤާގެ ގައިގާ ބައްދައިގަތެވެ. އެހިނދު ލުތުފީ ހީނގަތް އަޑުއިވުނެވެ. އަދި އުޒައިރާ ސުވާލުކުރަން ފެށިއެވެ.

“ސޮފޫދައްތަ އާއި ދޮންބެ ބުނީ އަޅުގަނޑުގެ މަންމައަށް އާތިޤާދައްތަވީއޯ، އެހެންވީމަ މީގެ ފަހުން މަންމަ ކިޔޭނެއޭ… އަޅުގަނޑު ބޭނުންވަނީ އާތިޤާދައްތައަށް މަންމަ ކިޔަން، ބައްޕާ، އެންމެ ރަނގަޅުތަ އަޅުގަނޑު މަންމަ ކިޔަސް” އުޒައިރު އުފަލުން ހުރެ އަހާލިއެވެ. އޭރު ސޯފާގައި ސޮފޫރާ އާއި އުނައިސް ލާނެތްގޮތަކަށް ހިނިއައިސްފައި ތިއްބެވެ. ލުތުފީ އެ ދެމީހުންނަށް ބަލާލުމުން އަވަސްއަވަހަށް އަނެއްފަރާތަށް އެނބުރުނެވެ. އާތިޤާ ލަދުވެތިގޮތަކަށް ލުތުފީއަށް ބަލާލާފައި އުޒައިރަށް ހިނިތުންވެލިއެވެ. އަދި އުޒައިރުގެ މޫނުގައި ދެއަތުން ހިފާލާފައި އެކުއްޖާ އެދުނުކަންތައް ފުރިހަމަކޮށްދިނެވެ.

“މީގެ ފަހުން މީ އުޒޭގެ މަންމަ، އެންމެ ރަނގަޅެއްނު…. އަދި ނުވެސް ކައި ދޯ ތިއުޅެނީ” އާތިޤާ ބުނެލިއެވެ.

“ސޮފޫދައްތަ މިރޭ ކެއްކީ، އެބަހުރި ވަރަށް މީރު އެއްޗެހި ހަދާފައި” އުޒައިރު ބުނެލިއެވެ. ލުތުފީ އުޒައިރުގެ އަތުގައި ހިފާ ދަމާލާފައި އޭނާގެ ގާތަށް ގެނައެވެ. އަދި ވާހަކަދައްކަމުން އެތެރެއަށް ހިނގައިގަތެވެ.

* * * *

ކާރުތަކުގައި އައިސް މާލޭގެ މަޝްހޫރު ބޮޑު ހޮޓަލެއްކަމެއްވާ ގާޑަންވިއު ހޮޓެލްގެ ކުރިމައްޗަށް މަޑުކޮށްލުމާއެކު މަލީކުގެ ޢާއިލާގެ މެންބަރުން ކާރުތަކުން ފައިބަންފެށިއެވެ. ހުރިހާ ފިރިހެނުން އިސްކޮށްތިބެ ކުރިއަށް ހިނގައިގަތް އިރު ރުހައިލުގެ ހިތް ނޭނގޭ ބާރުމިނެއްގައި ތެޅެމުންދިޔައެވެ. ވަށައިގެން ހޯދާލެވުނެއްކަމަކު އޭނާގެ ލޮލަށް ފިނިކަމެއް ނުލިބުނެވެ. ކައިވެންޏަށް ތައްޔާރުވަމުން އައިއިރު އޭނާ އަރުފީނާ ފޯނުން ވާހަކަދެއްކިއެވެ. އެހެންނަމަވެސް ލޮލަށް ފެނުމުގެ ނަސީބެއް ނުލިބުނެވެ. ޝާރުދާމެންނަށްވުރެ ކުރިން މަލީކު ރުހައިލު ގޮވައިގެން ދިޔައީއެވެ. އަރުފީނު ހުރީ ޝާރުދާއާއެކުއެވެ.

ހަފުލާއަށް ވަދެގެން އައި އަރުފީނުގެ ލޮލުގައި ކައިވެނި ކުރާ މޭޒުގެ ކައިރީ އޭނާގެ މައިންބަފައިންނާއެކު ހުއްޓިލައިގެން ހުރި ނައިރާ އަޅައިގަތެވެ. ފުރިހަމަކަމުގެ ނަމޫނާ މިސާލެއް ކުރިމަތިން ސިފަގެން ދިޔައެވެ. ރަތްކުލައިގެ ކަސަބުބޯވަޅުއެޅި ލިބާހުގައި ނައިރާ ފަތްމިންޏެއްހާ ނަލައެވެ. ކުރިމަތިން ރީތިކަމަށް މަޝްހޫރު ދޮންހިޔަލަ ހަމަލޮލުން ފެނުމުގެ ނަސީބު އަރުފީނަށް ލިބުނު ކަހަލައެވެ. ކަރުގައި އަޅާފައި އޮތް ރަންފައްޓަރުބަޔާއެކު ކަނދުރާގެ ބޮޑުބައެއް އޮތީ ހާމައަށް ފެންނާށެވެ. އިސްތަށިގަނޑު އެއްފަރާތަށް ގެނެސް ރުމާފަޅިއަކުން ހަރުކޮށްލާފައި ހުރިއިރު ތުންފަތް ހީވަނީ ރަތްޝަރުބަތުތައްޓެއް ހެންނެވެ. އަނދެފައި ހުރި ފޭލީގެ ދެފަރާތް ބައްދަލުވާ ހިސާބު ފެޅިފައި ހުރިހެން ފަހަތުން ފެންނަން ހުއްޓެވެ. އަރާހުރީ މަރަވަޅިފާޑުގެ ފައިވާނަކަށެވެ. އަތުގައި އޮތީ ވެސް ރަންއުޅާބައެއް ކަހަލައެވެ. އޭނާގެ ގާތުގައި މިލާން ހުރިއިރު އޭނާގެ ރީތިކަން ވެސް ފަނޑުކޮށްލާފަދަ ހިތްގައިމުކަމެއް ނައިރާއަށް ލިބިފައިވެއެވެ. އާޝޯހުވެ ހުއްޓުން އަރާފައި އަރުފީނު ހުރިއިރު އޭނާއަށް ނައިރާއާ އަމިއްލަ ނަފުސު އަޅާކިޔާލެވުނެވެ. ގަސްދުގައި ނޫނަސް އަމިއްލަ ސިފަ ހުތުރުކަމުގައި ޤަބޫލުކުރެވުނެވެ. ރުހައިލު ފަދަ ޒުވާނަކާ އޭނާއާ އެކަށީގެން ނުވާކަމުގައި ހީކުރެވުނެވެ. އެހެން ހުއްޓާ ދެން ފެނުނީ އެތަނަށް މަލީކު އާއިއެކު ރުހައިލު އާއި ފަޒަލް އަންނަތަނެވެ. އެންމެ ޒަމާނީ ގޮތަށް ފަހާފައިވާ ކޯޓުފަޓުލޫނުގައި ފަޒަލް ހުރިއިރު، ރުހައިލު ހުރީ އަތްގުދުކުރި ލިބާހެއްގައެވެ. ތިރިން ލުންގި އަނދެ ބޮލުގައި ތެޔޮރުމާލެއް އޮތެވެ. ހަށިގަނޑުގެ ވަރުގަދަކަމާއި އިސްކޮޅުގެ ދިގުކަމުން އޭނާ ފެނި އަރުފީނުގެ މުޅި ހަށިގަނޑަށް ފިނިވެގެންދިޔަކަހަލައެވެ. ރުހައިލުގެ ނަޒަރު އަރުފީނަށް ހުއްޓުނު ގޮތަށް އެހެން އެއްވެސް ދިމާއަކަށް އޭނާ ބަލާލަން ބޭނުންނުވާ ކަހަލައެވެ. އަރުފީނުގެ ހިތް ފިތެމުންދާ ފަދަ އިހުސާސެއް ކުރެވުމުން ދިޔައެވެ. ނޭވާ ލާން އުނދަގޫވާހެން ވެސް އޭނާއަށް ހީވެއެވެ. މަލީކު އާއިއެކު ރުހައިލު އައިސް ނައިރާގެ ގާތުގައި ހުއްޓުނު އިރު ވެސް ރުހައިލު އާއި އަރުފީނު ތިބީ އެކަކު އަނެކަކުގެ ލޮލަށް ގެއްލިފައެވެ. އެތައް ވާހަކައެއް ދައްކަން ބޭނުންވެފައި ތިބި ދެމީހުން ފަދައިންނެވެ.

ކައިވެނިކުރަން ތައްޔާރުވެފައި ތިބި ހަތަރު ޒުވާނުން ދެފަރާތުގެ ވަލީވެރިންނާއެކު މޭޒުދޮށުގައި އިށީނުމާއެކު ކައިވެނީގެ ކުރުމުގެ ހަފުލާ ފެށިގެން ދިޔައެވެ. ޤާޟީ އައިސް މޭޒުގެ ކޮޅުގައި އިން ގޮނޑީގައި އިށީނެވެ. އެއާއެކު މުޅިތަނަށް ހަމަހިމޭންކަން ވެރިވެގެންދިޔައެވެ. އެންމެންގެ ނަޒަރު ޤާޟީއަށް ހުއްޓުނެވެ. ނައިރާ އާއި މިލާން ތިބީ އިސްޖަހާލައިގެންނެވެ. ނަމަވެސް ރުހައިލަށް ބަދަލެއް ނާދެއެވެ. އޭނާގެ ދެލޮލުން އަރުފީނަށް ހަޅޭލަވަމުންދާކަހަލައެވެ. އަރުފީނު އޭނާ ހުއްޓުވާނެނަމައޭ ރުހައިލުގެ ޟަމީރު ބުނަމުންދިޔައެވެ. އެހެންނަމަވެސް ދެމީހުން ވެސް އެކަކު އަނެކަކަށް ބަލަން ތިބެވުނީއެވެ. ޤާޟީ “އަނބިޤަބޫލުކުރުމަށް” ރުހައިލުގެ ގާތުން އެދުމުން ވެސް އޭނާ އިނީ އަރުފީނަށް ބަލާށެވެ. އެހިނދު ކުއްލި ހާސްކަމެއް މަލީކަށް ލިބިގެން ދިޔައެވެ. އޭނާއަށް ރުހައިލުގެ ނަޒަރު އަމާޒުވެފައި ހުރި ދިމާ ފެނުނެވެ. އަވަސް އަވަހަށް ރުހައިލުގެ އަތުގައި މަލީކު ހިފިއެވެ. އޭނާ ލޮލުގެ އިޝާރާތުން ޤާޟީއަށް ސަމާލުކަން ދިނުމަށް އެދުނެވެ. އެއާއެކު ރުހައިލު ޤާޟީއަށް ބަލާލިއެވެ. އަދި “އަނބިޤާބޫލުކޮށްފިން” ކަމުގައި ބުނެލިއެވެ. އެތަން ފެނުނު އަރުފީނުގެ ލޮލަށް ކަރުނަތައް ޖަމާވެގަތީ ޚުދު އޭނާގެ އިޚުތިޔާރުން ބޭރުގައެވެ. ފަހަތަށް އަޅާލެވުނު ފިޔަވަޅާއެކު ޝާރުދާގެ ފުރަގަހަށް އޭނާ ވަނެވެ. އަދި އެންމެނަށް ފުރަގަސް ދިނުމާއެކު އަވަހަށް ދެލޯ ފޮހެލިއެވެ. އަދި އަނގަމަތީ އަތްއަޅާލެވުނީ ރޮއެގަނެވިދާނެކަމުގެ ބިރު ހީވުމުންނެވެ. ހިތަށް އިހުސާސްވެގެންދިޔަ ތަދާއެކު އަރުފީނުގެ ނޭވާ ހުއްޓެން އުޅެނީއޭ އޭނާއަށް ހީވިއެވެ. މަރާލެވުނު ދެ ލޮލާއެކު ނޭވާއެއް ވެސް ނުލާ އިރުކޮޅަކު އޭނާ ހުއްޓެވެ.

ކައިވެނި މޭޒުދޮށުން އެންމެން ތެދުވެ އެކަކު އަނެކަކަށް މަރުޚަބާ ކިޔަންފެށިއެވެ. ޝާރުދާ ވެސް ހިނގައިގަތީ މީހުންގެ ގަނޑުގެ ތެރެއަށެވެ. އެކަހެރިކޮށް އެއްފަރާތެއްގައި އަރުފީނު މަޑުކޮށްލައިގެން ހުއްޓެވެ. އެތަނުގައި އޭނާއަށް ސަމާލުކަމެއް ދޭނެ އެކަކު ވެސް ނެތެވެ. ކައިވެނީގެ މުނާސަބާއާ ގުޅިގެން ދަޢުވަތު އެރުވި ފަރާތްތައް ގިނައިރެއްނުވެ އެ ހޯލުގެ ތެރެއަށް ވަދެ މާހައުލުގެ އަޑުފަށްގަނޑު ގަދަވާންފެށިއެވެ. ސްޓޭޖުގައި މަޑު މިއުޒެކެއް ކުޅެމުންދިޔައެވެ. ހޯލުގެ އެއްބައި ހީވަނި އިހުގެ ދިވެހިރާއްޖެ އޮތްގޮތުގެ މަންޒަރެއް ފެނިގެންދާހެނެވެ. އެތަނުގައި ރުހައިލު އާއި ނައިރާއަށް ޚާއްޞަކުރެވިފައި ހުރި މަޤާމުގައި ދެޒުވާނުން ތިއްބެވެ. ހޯލުގެ އަނެއްފަރާތުގައި އޮތީ އެންމެ ޒަމާނީ ގޮތަށް ތައްޔާރުކުރެވިފައެވެ. އެތަނުގައި ފަޒަލް އާއި މިލާން ހިނިތުންވެލައިގެން ތިއްބެވެ.

“އައެމް ސޯ ހެޕީ….” ތުއިގޮތަކަށް ނައިރާ، ރުހައިލުގެ އަތުގައި ހިފާލިއެވެ. އުނދަގޫވި ނަމަވެސް ރުހައިލު ފަނޑުހިނިތުންވުމެއް ނައިރާއާ ބަދަލުކޮށްލިއެވެ. އަދި މަޑުމަޑުން ނައިރާގެ އަތާ އަތް ވަކިކޮށްލީ އަތްކުރި ރަނގަޅުކޮށްލާގޮތް ދައްކާލަމުންނެވެ.

އެތައްއިރަކު ހޯދިފަހުން ތަނބަކާ ނިވާވެހުރެ ސިއްރުން ރުހައިލަށް ބަލަމުންދިޔަ އަރުފީނު އޭނާއަށްފެނުނެވެ. މާޔޫސްކަމާއެކު ބޯއަރިކޮށްލަމުން ރުހައިލު ބަލާލިއެވެ. އަދި މަޑުމަޑުން އަންނާށޭ ބުނެ ބޮލުން އިޝާރާތްކޮށްލިއެވެ. އެކަމަކު އަރުފީނު ދެފަރާތަށް ބޯހޫރާލިއެވެ. އެތައް މީހުންނެއް އެތަނުގައި ޖަމާވެފައި އޮތްއިރު ވެސް ރުހައިލާއި އަރުފީނަށް އެކަކު އަނެކަކު ބުނަން ބޭނުންވީ ވާހަކަ ދުރުގައި ތިބެ ވެސް ސާފުކޮށް އަޑުއިވޭ ކަހަލައެވެ. ރުހައިލު ވައިއަޑުން ނައިރާއަށް ނީވޭނޭހެން އާދޭސްކުރަމުންދިޔައެވެ. އޭނާގެ ކައިރިއަށް އަރުފީނު ނާންނަން ހުރުމުންނެވެ. އެމީހުންނާ މާ ދުރުނޫން ހިސާބެއްގައި ކޯކުތަށްޓެއް ހިފައިގެން ހުރި މަލީކަށް އެ މަންޒަރު ބަލަމުން ދިޔައެވެ.

“އެ އަންހެންކުއްޖާދެކެ ހަޤީޤާތުގައި ވެސް ރުހައިލު ލޯބިވަނީތަ؟ އެކަމަކު އެހެރީ އޭނާ ހުރިގޮތް… އަހަރެން ބޭނުންވާ ފަދަ ދިރިއުޅުމެއް ރުހައިލަކަށް ނުލިބޭނެ މި އަންހެންކުއްޖާ އޭނާއަށް ފެންނަ ހިސާބުގައި އުޅޭނަމަ” އަމިއްލަ ޟަމީރާ މަލީކު ވާހަކަދެއްކިއެވެ.

ރުހައިލު ހުރިތަނުން ކުރިއަށް ފިޔަވަޅު އަޅާލަމުން ނައިރާގެ ގާތުގައި ސިއްރުން ވާހަކައެއް ބުނެލިއެވެ. ނައިރާ ބޯޖަހާލުމުން ރުހައިލު ހިނގައިގަތީ ތަނބުކައިރީ ފިލާ ހުރި އަރުފީނާ ދިމާއަށެވެ. އެ ހުރިހާ އިރު އެ ދެމީހުންގެ ހަރަކާތްތައް ބަލަން ހުރި މަލީކުގެ ދެލޯ ބޮޑުކޮށްލެވުނެވެ. އަރުފީނާ ހަމައަށް ރުހައިލު ފޯރުމުގެ ކުރިން ހަލުވިކޮށް އައި މަލީކު، ރުހައިލުގެ ފުރަގަހުން އޭނާގެ ކޮނޑުގައި ހިފާ ހުއްޓުވިއެވެ.

“ދަރިފުޅު ކޮންތާކަށް، މިއޮއްހުރިހާ މީހުންގެ ތެރޭ ނައިރާ އެކަނި އެތާ ބަހައްޓާފައި ދިއުމަކީ ރީތިގޮތެއްނޫން، ދަރިފުޅު ހުންނަންވާނީ ނައިރާގެ ގާތުގައި، ދޭ އަވަހަށް އެކޮޅަށް… ޕާޓީ ނިމޭކަށް ދެން އެހާ ގިނައިރެއް ވެސް ނެތެއްނު” މަލީކު މިހެންބުނުމުން ރުހައިލަށް ދެކޮޅު ހަދާކަށް ނުކެރުނެވެ. އެއްވެސް އެއްޗެއް ނުބުނެ އޭނާ ގޮސް ނައިރާގެ ގާތުގައި ހުއްޓުނެވެ. އެތަން ފެނި މަލީކު ހިނގައިގަތީ އަރުފީނާ ދިމާއަށެވެ. ރުހައިލު ހުރީ މަލީކުގެ ހަރަކާތްތަކަށް ބަލާށެވެ. އޭނާގެ ބައްޕަ އައިސް އަރުފީނާ ބައްދަލުކުރިތަން އޭނާއަށް ފެނުނެވެ. އެހިނދު މޭފަޅާ ހިތްނިކުންނަން އުޅުނު ކަހަލައެވެ. ނޭވާ ހިފަހައްޓާލައިގެން ހުރިއިރު ރުހައިލު އެސްފިޔަ ވެސް ޖަހާނުލައެވެ.

“އަރުފީނުގެ ބައްޕަގުޅި، އަރުފީނުމެންގެ ޢާއިލާ މާލެ ބަދަލުވާތީ ބޭނުންވަނީ ޢާއިލާގެ ކައިރިއަށް އަރުފީނު ގެންދަން، އެމީހުން ބޭނުންވަނީ ވީހާ ވެސް އަވަހަކަށް އަރުފީނު ގެންދަން، މި ހަފުލާގައި އަރުފީނު ބައިވެރިކުރަން ޝާރުދާ ބޭނުންވާތީ އަހަރެން މިވާހަކަ ނުބުނީ، އެކަމަކު އަހަންނަށް ފެންނަނީ ދެން އަރުފީނު ގެއަށްދާން، ފާރޫޤު ކާރުގައި އަރުފީނު ގެއަށް ގެންގޮސްދޭނެ، ތިލައިގެން ހުރި އެއްޗިއްސަކީ އަރުފީނަށް އަހަރުމެން ދިން އެއްޗެހި، ތިތަކެތި އަރުފީނާއެކު ގެންދިއަސް އެންމެރަނގަޅު…. އަރުފީނުގެ ފޮށިތައްޔާރު ކުރެވުމުން ފާރޫޤު ކައިރީ ބުނޭ، އޭނާ އަރުފީނުގެ ޢާއިލާ މީހުން ތިބިގެއަށް ގެންގޮސްދޭނެ، އެހެންވީމަ ލަސްނުކޮށް އަވަހަށް ދޭ” މަލީކު ބުނެލިއެވެ. އަރުފީނު ބޯޖަހާލިއެވެ. މަލީކު ފޯނު ނަގާ މީހަކަށް ގުޅާލަމުން އެތަނުން ދުރަށް ހިނގައިގަތެވެ.

އިސްޖަހާލައިގެން ހުރުމަށްފަހު އަރުފީނު ރުހައިލަށް ބަލާލިއެވެ. ފެންކަޅިވެފައިވާ ދެލޮލުން ބަލަން ހުރެ ރުހައިލާ ބަދަލުކޮށްލި ހިނިތުންވުމުން ރުހައިލު ކަންބޮޑުވިއެވެ. ހީވީ ބިރުވެރި މަންޒަރެއް ފެނިގެންދިޔަ ހެނެވެ. ވަދާޢުގެ ސަލާމް އަރުފީނު އޭނާއާ ކޮށްލި ހެނެވެ. ރުހައިލުގެ އަތުގައި ހިފާލަމުން އޭނާއަށް ބަލާލި ނައިރާ ވެސް ހައިރާންވިއެވެ. ރުހައިލުގެ ލޮލުން ކަރުނައިގެ އަސަރު ފާޅުވާހެން ނައިރާއަށް ވެސް ހީވިއެވެ. ގަނޑުވެފައި ހުރި ރުހައިލުގެ ނަޒަރު ހުއްޓިފައި ހުރީ ކޮން ދިމާލަކަށްތީ ނައިރާ އަވަސްއަވަހަށް ބަލާލިއެވެ. އޭރު ފުރަގަސްދީފައި އަރުފީނު އެ ހޯލުން ނިކުންނަން ދަނީއެވެ.

“އަރުފީނުތަ އެއީ؟ ކޮންތާކަށް އެ ދިޔައީ؟” ރުހައިލުގެ އަތުގައި ހިފާލަމުން އޭނާއާ ގާތްވެލާފައި ނައިރާ އަހާލިއެވެ. އެއާއެކު އިސްޖަހާލަމުން ރުހައިލު ދެފަރާތަށް ބޯހޫރާލިއެވެ.

“ތި ދެ މީހުން އަނެއްކާ ވެސް ފައިޓުކުރީ ދޯ…” ނައިރާ އަހާލިއެވެ. އެއަށް އެއްވެސް ޖަވާބެއް ރުހައިލު ނުދިނެވެ. ނައިރާގެ އަތް އޭނާގެ އަތާ ވަކިކޮށްލާފައި އެއްފަރާތަށް ރުހައިލު ޖެހިލިއެވެ. ނައިރާ ބަލަން ހުއްޓާ ރުހައިލު އައިސް ފެންތަށިތައް އަތުރާފައި ހުރި މޭޒުން ފެންތަށްޓެއް ނަގައިގެން ބޯންފެށިއެވެ. އެ މަންޒަރު ފެނި ނައިރާއަށް ލިބުނު ނުތަނަވަސްކަން ފިލާ ތުންފަތަށް ހިނިތުންވުމެއް ވެރިވެގެންދިޔައެވެ.

ފެންތަށީގައި ހިފަހައްޓާލައިގެން ހުރި ރުހައިލުގެ ނަޒަރު ހުއްޓިގެންދިޔައީ އެރޭ އޭނާގެ ކައިވެންޏާއެކު އެހޯލުގައި ކުރިއަށްދާ ދެވަނަ ކައިވެންޏަށެވެ. ފަޒަލް އާއި މިލާންއަށެވެ. ދެމަފިރިންނަށް ވުމުގެ އުފާވެރިކަން އެ ދެ ޒުވާނުންގެ މޫނުމަތިން ފާޅުވޭވޭ ހުއްޓެވެ. ބިސްތޮށިކުލައިގެ ކައިވެނި ހެދުމުގައި މިލާން ވަރަށް ވެސް ފުރިހަމައެވެ. މެހެނާޒު އާއި ޝުޢައިބު އެއްފަރާތުގައި މަޑުކޮށްލައިގެން އެމީހުންގެ ދަރިފުޅުގެ އުފާވެރިކަމުގައި ބައިވެރިވަމުންދިޔައެވެ. ރުހައިލު ބަލަން ހުރިކަން ފަޒަލްއަށް ފާހަގަވެގެން އޭނާ އަތްހޫރާލިއެވެ. އެއާއެކު ރުހައިލު ވެސް ކުޑަކޮށް ހިނިތުންވެލަމުން އަތުންއިޝާރާތެއްކޮށްލިއެވެ. ފަޒަލް ބޮލުން ކޮށްލި އިޝާރާތާއެކު “ކިހިނެއްވީ” ތޯ އަހާލިކަހަލައެވެ. އެކަމަށް ރުހައިލު ދެފަރާތަށް ބޯހޫރާލާފައި ފަހަތަށް އެނބުރި މޭޒުމަތީ އަތުގައި އޮތް ބިއްލޫރިތަށި ބެހެއްޓިއެވެ. އަދި މަޑުމަޑުން ނައިރާގެ ގާތަށް އައިސް ހުއްޓިލިއެވެ.

ކާރުން ފައިބާ ފާރޫޤު ގޭޓު ހުޅުވުމުން އަރުފީނު އަވަހަށް ވަދެގެން އައެވެ. އަދި ބޮޑުކޮޓަރިން ލާފައި ގޮސް ސިޑީގެ ހަރުފަތްތައް ގިރާކުރަންފެށީ ދުވަމުންނެވެ. އޭނާގެ ކޮޓަރިއަށް ވަދެވުމާއެކު ދޮރުލައްޕާލަމުން ދޮރުފަތުގައި ލެނގިލެވުނެވެ. ފުންނޭވާތަކެއް މަޑުމަޑުން ލަމުން އޭނާ އެކޮޓަރިއަށް ބަލާލިއެވެ. އިރުކޮޅަކު އެހެން ހުރުމަށްފަހު އަލަމާރިތެރެއިން ފޮށި ނެގިއެވެ. އަދި އެނދުމަތީ ފޮށި ބޭއްވުމާއެކު އަރުފީނު އޭނާގެ އެއްޗެހި އަޅަން ފެށިއެވެ. ފޮށްޓަށް އެއްޗެހި އަޅަމުން ދިޔައިރު އޭނާގެ ކޯތާފަތް ދޭތެރެއަކުން ފޮހެލައެވެ. ލޯ ފުރި ބަންޑުންވަމުން ދާތީއެވެ. ކަރުނަތައް ނުހިފޭއްޓިގެންނެވެ. ފޮށްޓަށް އެއްޗެހި އެޅުމުން އަރުފީނު އޭނާ ލައިގެން ހުރި ހެދުން ބަދަލުކޮށްލިއެވެ. ޖިންސަކާއި މަޑުނޫކުލައިގެ ގަމީސްކޮޅެއްލިއެވެ. އަދި ދިގު އަތްކުރި އޮޅާލުމާއެކު ލިޔާ މޭޒު ދޮށަށް އައެވެ. އެތަނުން އަރުފީނުގެ ފޮތްތައް ނަގާ ފޮށްޓަށް އަޅާލުމާއެކު ލެޕްޓޮޕްލުމަށް ޚާއްޞަކުރެވިފައިވާ ދަބަހަށް ލެޕްޓޮޕް ލިއެވެ. ވަށައިގެން ކޮޓަރިއަށް ބަލާލުމަށްފަހު އެނދުމަތީ އޮތް ބޮޑުފޮށި ލައްޕާލާފައި ތިރީގައި ބެހެއްޓިއެވެ. އަދި ރީތިވާ މޭޒުގެ ގޮނޑިމަތީ އޮތް އެރޭ ކައިވެނި ހަފުލާއަށް އަރުފީނު ލައިގެން ހުރި ހެދުން ނަގާ އެނދުމަތީ ފަތުރާލިއެވެ. އެއާއެކު ބޭނުންކުރި ގަހަނާތައް ހެދުންމަތީ ބަހައްޓާލިއެވެ. ދާންވެގެން ހިނގައިގަންނަން އުޅެފައި ވެސް އަރުފީނު ރީތިވާ މޭޒުގެ ލޯގަނޑަށް ބަލާލިއެވެ. އަމިއްލަ ސޫރަ ފެނުމާއެކު މަޑުމަޑުން ގޮނޑީގައި އިށީނދެވުނެވެ. ޓިޝޫއެއް ނަގާ ލޯކައިރި ވަރަށް ރަނގަޅަށް ސާފުކޮށްލިއެވެ. އެހެންނަމަވެސް ވީގޮތެއް ނޭނގެއެވެ. ރީތިވާމޭޒުގައި ބާއްވާލި އަތުގެތެރޭ އަރުފީނުގެ މޫނު ފޮރުވާލުމާއެކު ބާރަށް ރޯއަޑުއިވިގެން ދިޔައެވެ. ދޭތެރެއަކުން އަޑުކަޑައިގެން ދެއެވެ. އެހެންނަމަވެސް އަނެއްކާ ވެސް ގިސްލުމުގެ އަޑުއިވިގެން ދެއެވެ. އެހެން އިންދާ އަރުފީނުގެ ކޮޓަރީގައި މީހަކު ޓަކިދިން އަޑަށް އަވަސް އަވަހަށް ޓިޝީބޮނޑިން ދެތިންޓިޝޫ އަތުގެ ތެރެއަށް ބޮނޑިކޮށްލާފައި ނަގާ ލޮލުގައި ޖައްސާލިއެވެ.

“އަރުފީނު، ފާރޫޤު ބުނެގެން…. އޭނާ އަދި ޕާޓީއަށް ދާންޖެހޭކަމަށް ބުނެދޭށޭ ބުނީމަ މިއައީ” އަރުފީނަށް ބަލަން ހުރި ވަރުޝާ ބުނެލިއެވެ.

“މިދަނީ…” އަވަހަށް އަވަހަށް އަރުފީނު ބުނެލިއެވެ. ވަރުޝާ ނިކުމެގެން ދިއުމާއެކު އަރުފީނު ތެދުވެގެން ފާޚާނާއަށް ވަދެ މޫނު ދޮވެލިއެވެ. އަދި ފޯނު ނަގާ ސޮފޫރާއަށް ގުޅިއެވެ.

“ސޮފޫދައްތާ، ބައްޕައަންނާށޭ ބުނެފި، އެހެންވެ ތިގެއަށްދާން މިދަނީ” އަރުފީނު ބުނެލިއެވެ.

“އަވަހަށް އާދޭ… ބައްޕަ ނުވެސްބުނޭ އަރުފީ ގެންނަން އުޅޭ ވާހަކައެއް، ވަޓް އަ ސަޕްރައިޒް… އަވަހަށް އާދޭ…” ސޮފޫރާ އުފާވެފައި ހުރިކަން ފޯނުން އިވެމުންދިޔަ ސޮފޫރާގެ އަޑުން އެކަނި ވެސް އަރުފީނަށް ނަގައިގަނެވުނެވެ. އޭނާ ފޯނުކޯލު ކަނޑާލާފައި ފޮށި ދަމަމުން ކޮޓަރިން ނިކުތެވެ.

ކޮޓަރީގެ ދޮރު ލައްޕާލާފައި ރުހައިލުގެ ކޮޓަރިއާ ދިމާއަށް އަރުފީނު ބަލާލިއެވެ.

“އަހަރެން ވެސް ބުނަން ބޭނުންވި، އެކަމަކު….” އަރުފީނު އޭނާ ބުނަން އުޅުނު އެއްޗެއް ފުރިހަމަ ނުކޮށް ފޮށިދަމަމުން ލިފްޓާ ދިމާއަށް އައެވެ.

ފާރޫޤު ކާރު އައިސް ލުތުފީމެންގޭ ކުރިމައްޗަށް މަޑުކޮށްލިއެވެ. އަދި އޭނާ ކާރުން ފައިބައިގެން އައިސް އަރުފީނުގެ ފޮށި ނަގައިގެން ގެނެސް އެ ގޭގެ ދޮރުމަތީ ބަހައްޓާލިއެވެ. އޭރު މަތީ ބެލްކަނިން އަންހެން ކުއްޖަކު “އަރުފީ”އޭ ކިޔާ ތުއިގޮތަކަށް ހަޅޭލަވައިގަން އަޑު ފާރޫޤާއި އަރުފީނަށް އިވުނެވެ. ދެމީހުން އެކުގައި މައްޗަށް ބަލާލަން ވާއިރަށް އެމީހަކު ހިނގައްޖެއެވެ. ފާރޫޤު ހިނިތުންވެލަމުން އަރުފީނުގެ ކޮނޑުގައި ފިރުމާލިއެވެ.

“ބަސްއަހައިގެން ކިޔަވައްޗޭ، ކިޔަވާ މޮޅުކުއްޖަކަށްވާތި، ދެން ނޭނގެ ބޭބެއާ ދިމާވާނެކަމެއް ވެސް” އަރުފީނު ދިއްކޮށްލި އަތުގައި ފާރޫޤޫ ހިފާ ސަލާމްކޮށްލަމުން ބުނެލިއެވެ. އަދި އޭނާ އެނބުރި ކާރަށް އަރާ ދުއްވާލަން އުޅެނިކޮށް ގޭގެ ދޮރޯށި ހުޅުވާލާފައި ނިކުން އަންހެން ކުއްޖަކު އަރުފީނުގެ ގައިގާ އޮޅުލައިގަތްތަން ފެނި ވަކިން ބޮޑަށް ފާރޫޤަށް ހިނިތުންވެލެވުނެވެ.

“އައި ވޯސް ވެއިޓިންގް އެންޑް ވެއިޓިންގް…” އަރުފީނުގެ ގައިން ދޫކޮށްނުލާ ސޮފޫރާ ބުނެލިއެވެ. އަރުފީނުގެ ހިމޭންކަން ސޮފޫރާއަށް ފާހަގައެއް ނުކުރެވުނެވެ. ސޮފޫރާ، އަރުފީނުގެ ފޮށި ދަމަމުން އޭނާގެ އަތުގައި ހިފައިގެން އައިސް ބޮޑުކޮޓަރިތެރެއަށް ވަނެވެ.

“އަރުފީނު…” ލުތުފީއަށް ފެންތަށްޓެއް ހިފައިގެން އައިސް ދިއްކޮށްލި އާތިޤާއަށް އަރުފީނު ފެނުމުން ހައިރާންކަމާއެކު ގޮވާލެވުނެވެ. އެވަގުތު ލުތުފީއާއެކު ސޯފާގައި އިން ޙައިދަރު ހިނިއައިސްފައި ތެދުވިއެވެ.

އެންމެންގެ މޫނުމަތިން އުފާވެރިކަން ފާޅުވަމުން ދިޔައިރު އަރުފީނު ދުވެފައި އައިސް އާތިޤާގެ ގައިގާ އޮޅުލައިގަތެވެ. ކުޑަކުއްޖަކު އަތުގެތެރެއަށްލާ ފަދައިން އާތިޤާ އަރުފީނުގެ ގައިގާ ހިފަހައްޓާލަމުން ބޮލުގައި ފިރުމާލިއެވެ. އެންމެން ހައިރާންވެ ކަންބޮޑުވީ އަރުފީނު ރޯންފެށުމުންނެވެ.

“މަންމާ…” ވޭނުންފުރިފައިވާ ފަދަ ގޮތަކަށް އަރުފީނު ގޮވާލިއެވެ.

“ދަރިފުޅަށް ކިހިނެއްވީ” ހާސްވިވަރުން އާތިޤާއަށް ތެޅިގަނެވުނެވެ. އަރުފީނަކީ ކިތަންމެ ބޮޑު އަނިޔާއެއް ލިބުނަސް ރޯކުއްޖެއްނޫނެވެ. އެހެންނަމަވެސް އޭނާ ރޮމުންދިޔައީ ވަރަށް ބޮޑަށް ހިތުގައި ޖެހިގެންނެވެ. ޙައިދަރު ވަގުތުން އައިސް ދަރިފުޅު މަސަލަސްކުރެވޭތޯ އުޅުނެވެ. ލުތުފީއަށް ވެސް އިށީނދެއެއް ނީނދެވުނެވެ.

“ދަރިފުޅާ، ބަލަ އަރުފީނު…. ބަލާބަލަ… ބައްޕައަށް ބަލާލަބަލަ… ކޮންކަމަކާތަ ދަރިފުޅު ތިރޮނީ، ދަރިފުޅު ބޭނުންވަނީ ބޮޑުމަންމަ ގާތުގައި ހުންނާކައްނު، މިހާރު މިގެނައީއެއްނު، ދެން ހުއްޓާލާ އަވަހަށް…. ރޯއެއްޗެއްނޫން އެއްގޮތަކަށް ވެސް” ޙައިދަރު އަރުފީނުގެ ކޮނޑުގައި ހިފާ އަނބުރާލުމާއެކު އަރުފީނު އޭނާގެ ބައްޕަގެ މޭގައި މޫނުފޮރުވާލިއެވެ. ޙައިދަރު ކުޑަކޮށް ހީނލިއެވެ.

“ޅަކުއްޖެއްހެން އަރުފީނު މިހާރު ތިއުޅެނީ… އަވަހަށް ހުއްޓާލާދެން، ސޮފޫދައްތަ ފަހުން އަރުފީނަށް ދިމާކުރާނެކަން އެނގެއެއްނު ތިހެން ރުއީމަ… އެހެންވީމަ އަވަހަށް ހުއްޓާލާ، އެނގެއެއްނު ސޮފޫދައްތަ ހުންނާނީ ދަރިފުޅާ ދިމާކުރާނެކަމެއް ނޭނގިފަކަން، ބަލާ މިގޭ އެހެންކުދިން ވެސް ބުނާނީ ކީކޭ” ޙައިދަރު އާއި އެހެން މީހުންނަށް ވެސް ހީކުރެވުނީ އަރުފީނު ރޮނީ އޭނާގެ ޢާއިލާ މީހުންނާ ދުރުގައި ހުންނަން ޖެހުނީމަކަމަށެވެ. ޙައިދަރު ދަރިފުޅުގެ ދެލޮލާ ކޯތާފަތް ފޮހެލަދިނެވެ.

“ދެން ނުރޮއްޗޭ… ދަރިފުޅު ހާދަ ހިތްބަލި ކުއްޖަކަށްތިވީ” ޙައިދަރު މިހެން ބުނުމުން އަރުފީނު ކަރުނަތައް ފޮހެލަމުން ބޯޖަހާލިއެވެ.

“ކައިފިންތަ؟ ހިނގާ ކާން ދޯ” އާތިޤާ، އަރުފީނުގެ އަތުގައި ހިފާލަމުން ކާކޮޓަރިއަށް ދިއުމަށް އުޅުނެވެ. ސޮފޫރާ ހީނލާފައި އައިސް އަރުފީނުގެ އަނެއްފަރާތުން ހުއްޓުނެވެ. ދުރުގައި ސިޑިމަތީ އެ ހުރިހާ މަންޒަރެއް ބަލަން އުނައިސް ހުއްޓެވެ. އެހެންހުއްޓާ ލުތުފީ ގޮވާލިއެވެ. އަދި އަރުފީނުގެ ފޮށި ސޮފޫރާގެ ކޮޓަރިއަށް ގެންގޮސްދިނުމަށް ބުންޏެވެ.

* * * *

ކައިވެނި ހަފުލާ ނިންމާފައި މެހެނާޒާއި ޝުޢައިބު ވެސް އައިސް އެމީހުންގެ ބަޔަށް ވަނެވެ. ފަޒަލް އާއި މިލާން، ރުހައިލު އާއި ނައިރާގެ ގާތަށް އައިސް ސަލާމްކޮށްލަމުން މަރުޚަބާ ކިޔެވެ. އަދި އުފާވެރިރެއަކަށް އެދިފައި އެ ދެމަފިރިން ވެސް ވަކިވެގެން ގޮސް ފަޒަލްމެންގެ ގެއަށް ވަދެއްޖެއެވެ. ކައިވެނި ހެދުމުގައި ހުރި ނައިރާ މަރަވަޅީގައި ހިނގަން އުނދަގޫކަމުން ދެފައިވަންކިބަ ނަގާ އަތައްލަމުން ރުހައިލަށް އަތްދިކޮއްލިއެވެ.

“ތިފައިވާނަށް އަރާބަލަ” ނައިރާ ދެއަތްދިއްކޮށްލައިގެން ހުރުމުން ރުހައިލު ބުނެލިއެވެ.

“މި ފައިވަން ވަރަށް އުނދަގޫ، އަހަރެންމީ މިހާރު ރުހައިލުގެ ވައިފްއެއްނު، އުރާލައިގެން ގެއަށް ވެއްދިއްޔާ ވާނީ ކީއްތަ؟ ޕްލީޒް… ޕްލީޒް…” ނައިރާ އާދޭސްކުރަންފެށިއެވެ. ޕޯޓިކޯއިން އެތެރެއަށް ވަންނަން ދިޔަ މަލީކު ފަސްއެނބުރި ބަލާލިތަން ރުހައިލަށް ފެނުނެވެ. އިރުކޮޅަކު ހުރެފައި ނައިރާއަށް ބަލާލުމެއްނެތި އޭނާ އަތްދަނޑިމައްޗަށް އުފުލާލައިގެން ގޭޓުން ވަދެގެން ރުހައިލު އައެވެ. އެ މަންޒަރު ފެނި މަލީކު ހިނިތުންވެލިއެވެ. އަދި ބޮޑުކޮޓަރިއަށް ވަދެ ސޯފާގައި ހަމަޖެހިލިއެވެ.

މަރިޔަމް އާއި ޒާހިރު، އެމީހުންގެ ހުރި ހަމައެކަނި އަންހެންދަރިފުޅާ ވަކިވުމުގެ ސަލާމްކުރިއެވެ. ރަނގަޅަށް އުޅުމަށް ނަޞޭޙަތްތެރިވިއެވެ. މަދުމަދުން ނަމަވެސް އެމީހުންގެ ގާތަށް އެ ދެމަފިރިން އައުމަށް އެދުނެވެ. ނައިރާ ހުރީ ވަރަށް އުފަލުންކަން އޭނާގެ މައިންބަފައިންނަށް އެނގެއެވެ. އެހެންވެ އެމީހުން ކަންބޮޑުވާންޖެހޭ އެއްވެސް ކަމެއްނެތެވެ. އަލަތު ދެމަފިރިންނަށް ވަގުތު ދީފައި ސަމީރާ އާއި މަލީކުއާ ސަލާމްކޮށްލާފައި އެގެއިން ނިކުތެވެ.

“ރުހައިލު، ދަރިފުޅުމެން ދާންވީނު ކޮޓަރިއަށް، ނައިރާ ހުންނާނީ މިހާރު ވަރަށް ވަރުބަލިވެފައި، މަންމަ ވެސް މިދަނީ ނިދަން” ޝާރުދާ ބުނެލިއެވެ.

“މަންމާ، އަރުފީނު ކީއްވެ މާކުރިން ގެއަށް އައީ” ރުހައިލު ވާހަކަދެއްކީ ޝާރުދާއާ ނަމަވެސް އޭނާގެ ނަޒަރު ހުއްޓިފައި ހުރީ މަލީކަށެވެ.

“އޭނަގެ ބައްޕަ ގުޅާފަ ފޮނުވާދޭށޭ ބުނީމަ އެމީހުންގެ ގާތަށް ފޮނުވީ” މަލީކު ނިކަން އަވަހަށް ޖަވާބުދިނެވެ. އެހިނދު ޝާރުދާގެ މޫނުމަތިން ހައިރާންކަން ފާޅުވެގެން ދިޔައެވެ. ރުހައިލު އަނގައިން ބުނުމެއްނެތި އަވަސް އަވަހަށް ސިޑިން އަރައިގެން ދިޔައެވެ.

“އަހަރެން ހުރީ މާދަމާ ފޮނުވަންވެގެން، ކިހިނެއްވީ މަލީކު އޭނަ އެހާ އަވަހަށް ތި ފޮނުވާލީ” ޝާރުދާ ސުވާލުކުރިއެވެ.

“އަހަރުމެން ނުވާނެ ދޯ މަޑުކުރާކަށް އޭނާގެ މައިންބަފައިން ފޮނުވާށޭ ބުނީމަ، އަނެއްކާ ޕާޓީތެރޭ އަރުފީނު ހުރީ ވަރަށް ފޫހިވެފައި، ހީވަނީ ގެއަށްދާން ބޭނުންވެފައި ހުރިހެން، އެހެންވެ އަހަރެން އޭނާ ގާތު އެ ވާހަކަބުނީ، އޭނާގެ ބައްޕަ ގުޅިވާހަކަ ބުނުމުން އޭނާ ވެސް ހުރީ ޢާއިލާގެ ގާތަށް ދާން ބޭނުންވެފައި، އަހަރުމެންނަށް ކޮން ހައްޤެއް އޮތީ އެކުއްޖާ މިގޭގައި ހިފެހެއްޓުމުގެ” މަލީކު ބުނެލިއެވެ.

“އާން! ތީ ވެސް ތެދެއް… އެކަމަކު އަހަންނާ ބައްދަލު ވެސް ކޮށްނުލާ ދިޔައީމަ، ވަރަށް ދެރަވެއްޖެ” ޝާރުދާ މާޔޫސްވިއެވެ.

ރުހައިލު އައިގޮތަށް އަރުފީނުގެ ކޮޓަރީގެ ތަޅުގައި ހިފިއެވެ. ހިފިބާރުމިނުގައި ތަންމިނަށް ދޮރު ހުޅުވިގެން ދިޔައެވެ. ނިވާލަފައި ހުރި އެ ކޮޓަރި އަލިކޮށްލުމާއިއެކު އެތަނުގެ ހުސްކަން ރުހައިލަށް އިހުސާސްވެގެން ދިޔައެވެ. ކުރިއަށް ފިޔަވަޅު އަޅާލުމާއެކު އެތެރެހަށްޓަށް ދަމާލި ދިގު ނޭވާއާއެކު ދެލޯ މަރާލީ އެތަނުން އަރުފީނު އުޅުނު ކަމުގެ ވަސް އޭނާގެ ނޭފަތުގައި ޖެހިދާނޭ ހީކޮށެވެ. ނަމަވެސް އެކަމެއް ވެސް ނުވިއެވެ. މަޑުމަޑުން އައިސް އަރުފީނުގެ އެނދުގައި ރުހައިލު އިށީނދެލިއެވެ.

“އަރުފީނު މިއަދު ނޫނީ މާދަން ދާނެކަން އެނގެއެއްނު، އޭނާ ހުރީ މިގެއަށް ކިޔަވަން އައިހެއްނު، އަނެއްކާ ބައްޕަ އެބުނީ ދޯ އަރުފީނުގެ ޕޭރެންޓްސް ގުޅައިގެންނޭ އޭނަ އެ ދިޔައީ، ދެން ކީއްވެ ރުހައިލު ތިހާ ހާސްވަނީ” ދޮރުމަތީ ނުހުރެވިގެން ނައިރާ އައިސް ރުހައިލުގެ ގާތުގައި އިށީނެވެ.

“ޝީޒް މައި ބެސްޓް ފްރެންޑް، ވަކިވުމުގެކުރިން ބުނެލާފަ ދިޔަނަމަ” ރުހައިލު ބުނެލިއެވެ.

“މިތަނުގައި ކީއްކުރަނީ، ރުހައިލު، ނައިރާ ގޮވައިގެން ދޭ ކޮޓަރިއަށް” މަލީކުގެ އަޑު ދޮރުމަތީން އިވިގެން ދިޔައެވެ. އެއާއެކު ނައިރާ ފުންމައިގެން ތެދުވިއެވެ. ރުހައިލު ތެދުވީ ފަރުވާކުޑަގޮތަކަށް މަޑުމަޑުންނެވެ. އޭނާ ނައިރާ އެތަނުގައި ހުރި އިރު ބަލާ ވެސް ނުލާ، އަނގައިން ބުނުމެއްނެތި މަލީކުގެ ކައިރިން އަޅާފައި އެ ކޮޓަރިން ނިކުމެގެން ގޮސް އޭނާގެ ކޮޓަރިއަށް ވަނެވެ. ނައިރާ ރުހައިލުގެ ފަހަތުން ގޮސް ކޮޓަރިއަށް ވަންތަން ބަލަން ހުރި މަލީކުގެ މޫނުމަތިން ނުތަނަވަސްކަން ފާޅުވެގެން ދިޔައެވެ.

ނިދަން ތައްޔާރުވެލައިގެން ނައިރާ ފާޚާނާއިން ނިކުތީ ވަރަށް ތާޒާވެލައިގެންނެވެ. ލާފައި ހުރި ކުރުނައިޓީ ކޮޅުގައި ފަރިހިނގުމުގައި އައިސް އެނދަށް އެރިއެވެ. އޭރު ބޯދަށަށް ދެއަތްލައްވާލައިގެން އެއްފައިތިލަ އަނެއްފައިތިލާގައި އަޅުވާލައިގެން އުއްޑުން ރުހައިލު އޮތެވެ. ދެލޯ މަރާލައިގެން އޮތީ ނިދާފައިކަމަށް ހެދިގެންނެވެ. އޭނާ ކޮޓަރިއަށް ވަނީއްސުރެން ނައިރާ އުޅޭ ނޫޅޭ ގޮތެއް ނުބަލައެވެ. އެހެންނަމަވެސް ނައިރާ ބެލީ ހުރިހާ ގޮތަކުން ވެސް ރުހައިލުގެ ސަމާލުކަން ލިބޭތޯއެވެ.

“ރުހައިލު… ނިދީތަ؟” އެނދަށް އަރާ ރުހައިލާ ގާތްވެލަމުން އެނާގެ މޭގައި ފިރުމާލާފައި ނައިރާ އަހާލިއެވެ. ހަރަކާތެއް ވެސް ކޮށްނުލާ ރުހައިލު އޮތެވެ. އެވަރުން ނައިރާ ހިތްހަމައެއް ނުޖެހުނެވެ. ރުހައިލުގެ ކަންފަތްކައިރީ ސިއްރުން ވާހަކައެއް ބުނެލިއެވެ. ދެން ވެސް ރުހައިލުގެ ޚަބަރެއް ނުވިއެވެ. ކަންފަތު ފޫޅުގަނޑުގައި ނައިރާ ދަތްއެޅީމާ ވެސް ރުހައިލު ހަރަކާތެއްކޮށްނުލިއެވެ. ޅަގޮތަކަށް ރުހައިލުގެ މޭގައި ތަޅައިގަންނަމުން ނައިރާ ކުސްތަޅާލިއެވެ.

“މިހާރު އެނގޭ ތިއޮތީ ނިދާފައެއްނޫންކަން، ދެން ލޯ ހުޅުވަބަލަ… ރުހައިލު… މީ އަހަރުމެންގެ ކައިވެނީގެ ފުރަތަމަ ރެއެއްނު” ނައިރާ ބުނެލިއެވެ.

“ތިހެން އޮތަސް އަހަރެން މަޑަކުން ނުހުންނާނަން، ރުހައިލްއަށް ޖެހޭނީ ލޯ ހުޅުވަން، ބަލާބަލަ… މިނައިޓީގަ އަހަރެން ރީއްޗޭ ނުބުނާނަންތަ” ނައިރާ މިހެން ބުނެލުމުން ވެސް ރުހައިލަށް އިވުނު ކަމަކަށް ނުވިއެވެ.

“އައި ކާންޓް ޑޫ ދިސް…” ރުހައިލުގެ ހިތްބުނެލިއެވެ. އެހެންނަމަވެސް އޭނާގެ ހަށިގަނޑު ނައިރާގެ ބީހުންތަކަށް ހޭލަންފެށިއެވެ. ދެލޯ މަރާ ބާރުކޮށްލެވުމާއެކު ބޯދަށަށްލައްވާލާފައި އޮތް ދެއަތްތިލައިގެން އިނގިލިތައް މަހާލެވުނެވެ. ނައިރާއަށް އިސްނަގަން ކެރިދާނެކަމަކަށް ރުހައިލު އެއްފަހަރު ވެސް ހިޔެއްނުކުރެއެވެ. އޭނާގެ ޟަމީރު ބޭނުންނުވި ނަމަވެސް ރުހައިލުގެ ހަށިގަނޑު ނައިރާއަށް ބޭނުންވާކަން، ނައިރާއަށް ހާމަވަމުންދިޔައެވެ. ގެނައި ކުއްލި ހަރަކާތަކާއެކު ރުހައިލުގެ ލޯ ހުޅުވިގެން ދިއުމާއެކު ނައިރާގެ ގައިގާ ހިފަހައްޓާލެވުނެވެ. ނޫނެކޭ ބުނަން އޭރު މާބޮޑަށް ވެސް ލަސްވެއްޖެއެވެ. ނައިރާގެ ލާނެތް ހީނލުމުގެ އަޑު ކޮޓަރިތެރެއަށް ފެތުރިގެން ދިޔައެވެ.

އަރާމުނިދީގައި ނައިރާ އޮތެވެ. ރުހައިލު އޭނާގެ ފޯނު ހިފައިގެން ކޮޓަރިން ނިކުތެވެ. އަދި ސިޑިންލާފައި ގޭގެ ހާމަފެންޑާއަށް އެރިއެވެ. އެއާއެކު އޭނާގެ ހާމަވެފައިވާ މޭމަތީ ފިނިފިނި ވައިރޯޅިއެއްގެ ބީހިލުން އިހުސާސްވެގެން ދިޔައެވެ. ލައިގެން ހުރި ސޯޓުގައި ހިފާ މައްޗަށް އަރުވާލަމުން އައިސް ރެއިލިންގައި ދެއަތް އަޅުވާލިއެވެ. ދުރަށް ބަލަމުން ދިޔަ ރުހައިލުގެ ލޯ ފުސްވިއެވެ. ބޮނޑިވެގަތް ކަރުނައިންނެވެ. ރޯން ފެށުނު ގޮތަށް އޭނާއަށް ހުއްޓައެއް ނުލެވުނެވެ. ދެލޯ ފުހެމުން ތުންފަތުގައި ދަތްއަޅާލިއެވެ. ހުރި ދިމާ ތިރީގައި ރުހައިލަށް އިށީނދެވުނެވެ. ފޯނުގައިވާ އަރުފީނުގެ ފޮޓޮއަށް އޭނާ ބަލަންފެށިއެވެ.

ނުނިދިފައި އޮތް އަރުފީނު ވެސް އޮތީ ފޯނުގައިވާ ރުހައިލުގެ ފޮޓޮއަށް ބަލަހައްޓައިގެންނެވެ. އެހެންއޮއްވާ  ރުހައިލުގެ މެސެޖެއް ވައިބަރއިން ލިބުމުން ބޭއިޚްތިޔާރުގައި ހުޅުވާލެވުނެވެ.

“އަހަރެން މިހިރީ ވަރަށް އުފަލުން، ނައިރާ ވަރަށް ރީތި… ކައިވެނީގެ ފުރަތަމަ ރޭ ދިޔަގޮތް ކިޔައިދެންތަ؟ އަރުފީނު އޭރުން އަދި މާ އުފާވާނެ… އެ ލިބުނު ހިތްހަމަޖެހުން އަރުފީނަށް ކިޔައިދޭނެ ގޮތެއް ވެސް ނޭނގެ، އޯލް ތޭންކްސް ޓު ޔޫ… ނައިރާ މިއޮތީ….” އަރުފީނު ފޯނު ނިއްވާލިއެވެ. ރުހައިލުގެ މެސެޖު އިތުރަށް ނުކިޔުނީއެވެ. ވަގުތުން ހިތުގައިޖެހި ރޮވިއްޖެއެވެ.

ފޯނުން ޝާންއާ ވާހަކަދައްކަން ކުޑަދޮރު ކައިރީ މަޑުކޮށްލައިގެން ހުރި ސޮފޫރާ ދޭތެރެއަކުން އެނދުގައި އޮތް އަރުފީނަށް ބަލާލައެވެ. އެހެންނަމަވެސް އޭނާގެ ލޮލުގައި އަޅައިގަތް ކަމަކުން އަރުފީނަށް ނަޒަރު ހުއްޓާލައިގެން އިރުކޮޅަކު ހުރެވުނެވެ.

“ޝާން، ދެން ބާއްވަނީ އިނގޭ، އަރުފީ އެބައޮތް ނުނިދިފައި…” ސޮފޫރާ، އަރުފީނަށް ބަލަހައްޓައިގެން ހުރެ ބުނެލިއެވެ. އަދި ފޯނުކޯލު ކަނޑާލާފައި މަޑުމަޑުން އައިސް އެނދުގައި އަރުފީނު އޮތް ދިމާލުގައި ހުއްޓުނެވެ.

“އަރުފީ…” ބާލީހުގައި މޫނުއެއްކޮށް ފޮރުވާލައިގެން އޮތްއިރު ވެސް އަރުފީނު ރޯއަޑު ސޮފޫރާއަށް އިވެމުންދިޔައެވެ. ހައިރާންކަމުގެ ތެރެއިން ސޮފޫރާގެ މޫނުމަތިން ކަންބޮޑުވުން ވެސް ފާޅުވެގެން ދިޔައެވެ.

“އަރުފީއަށް ކަމެއްވެއްޖެ، ވަރަށް ބޮޑުކަމެއްވެއްޖެ… ކުރިން ވެސް ރުއީ އެހެންވެކަން ޔަޤީން…” ސޮފޫރާގެ ޟަމީރު އޭނާއަށް ކަމެއް އަންގައިދޭން އުޅުނެވެ. ސޮފޫރާ ގޮވާލި އަޑުއިވުމާއެކު އަރުފީނަށް ވަކިން ބޮޑަށް ބާލީހުގައި ހިފާ އޭގައި މޫނު ފޮރުވާލެވުނެވެ. އަދި ގިސްލެވުމާއެކު ރުއިން ގަދަވިއެވެ.

“އޭތް! އަރުފީ… ކިހިނެއްވީ؟ ކީއްވެ ތި ރޮނީ؟ ބުނެބަލަ… ދައްތައަށް ޔަޤީން ވަރަށް ބޮޑުކަމެއް އަރުފީއަށް ވެއްޖެ، އަރުފީ! ނިކަން ކިޔައިދީބަލަ، އަރުފީ! ތިހެން ނޯވެ ތެދުވެބަލަ…” ސޮފޫރާ އައިސް އަރުފީނުގެ މަގަތުން އިށީނދެ ކޮއްކޮގެ ބޮލުގައި ފިރުމަމުން ވާހަކަދެއްކިއެވެ. އަދި އަރުފީނުގެ ކޮނޑުގައި ދެފަރާތުން ހިފާ އޭނާ ނެގޭތޯ އުޅުނެވެ.

“އަރުފީން ތިހެން ރުއީމަ ދައްތަ ހާސްވާނެވަރެއް ނޭނގޭތަ، ނުތެދުވަންޏާ މިދަނީ މަންމަ….” ސޮފޫރާ ބުނަން އުޅުނު އެއްޗެއް ފުރިހަމަ ނުވަނީސް އަރުފީނު ތެދުވިގޮތަށް ސޮފޫރާގެ ގައިގާ އޮޅުލައިގަތެވެ. އަރުފީނުގެ ކުއްލި ހަރަކާތުން ސޮފޫރާއަށް ވެސް ކޮއްކޮގެ ގައިގާ ބައްދައިގަނެވުނީ ކަންބޮޑުވުމާއެކުއެވެ.

“ޕްލީޒް އަރުފީ، ނުރޮއެ ވީގޮތެއް ކިޔައިދީބަލަ، ދައްތަ މިއިނީ އަޑުއަހަން، އަރުފީ ހިތުގައި ޖެހޭވަރު ކަމެއް މީހަކު ކުރީތަ؟ ކީއްވެތަ އެހާ ފަސޭހައިން ތި ރޮނީ، މަންމަ ފެނިގެން ވެސް އަރުފީ ރުއީ ތިޔަހެން ވެގެންދޯ، ކަމެއް ދިމާވެގެން ދޯ ތިއުޅެނީ… ދައްތައަށް ނުފޮރުވާ ކިޔައިދީބަލަ، ކާކު ކީއްކުރީތަ؟” ސޮފޫރާ އެތައް ސުވާލެއް ކުރުމުން ވެސް އަރުފީނު ޖަވާބެއް ނުދިނެވެ. އޭނާއަށް ހަމަ ރޮވެނީއެވެ. އެންމެފަހުން ސޮފޫރާ ސުވާލުކުރުން ހުއްޓާލިއެވެ. އަދި އަރުފީނުގެ ގައިގާ ހިފަހައްޓާލައިގެން އިނދެ އޭނާގެ ބުރަކަށީގައި ފިރުމަންފެށިއެވެ. ހީވީ ކޮއްކޮގެ ހިތަހަމަޖެހެންދެން ރޯން ދޫކޮށްލީ ހެނެވެ. އަދި އަރުފީނު ހަމަޖެހެން ދެން އޭނާ އިނީ ކެތްތެރިވެއެވެ.

އެތައް އިރަކު އަރުފީނު ރުއެވެ. އަރުފީނުގެ ގިސްލުމުގެ އަޑާއިއެކު ސޮފޫރާގެ ހިތަށް ވެސް ތަދުވެއެވެ. އޭނާގެ ކޮއްކޮއަށް ވަރަށް ބޮޑު ހިތާމައެއް ކުރިމަތިވެއްޖެ ކަމުގައި ޚުދު ސޮފޫރާގެ ހިތް ބުންޏެވެ. އެނދުގައި ސޮފޫރާ ލެނގިލުމާއެކު ކުރުގެޅިލައިގެން އޮތް އަރުފީނު، ސޮފޫރާގެ އުނގުގައި ބޯއަޅާލައިގެން އޮތެވެ. އަރުފީނު މަޑުމަޑުން ހަމަޖެހެމުން ދިޔަ އިރު ވެސް އޭނާގެ އަތުން ދެ ލޯ ފުހެލާތަން ސޮފޫރާއަށް ފެނެއެވެ. އެއްޗެއް ބުނަން އަނގަހުޅުވާލައިފައި ވެސް ސޮފޫރާ އިހަށް މަޑުކޮށްލައެވެ. އަރުފީނު ގާތު އަހަންވީ ކީކޭކަމެއް ސޮފޫރާއަކަށް ނުވިސްނެއެވެ. އެހެން އިންދާ އިރުކޮޅަކުން އަރުފީނު ތެދުވެ ދެފައިވަށްކޮށްލައިގެން ސޮފޫރާގެ ގާތުގައި އިށީނެވެ.

“އަރުފީ… ހިތުގައި ހުރިހާކަމެއް ފޮރުވައިގެން ހުރުމަކުން އެހިތަށް ދުވަހަކު ވެސް ހަމަޖެހުމެއް ނުލިބޭނެ، ނޫނީ މި ދައްތައަށް ސިއްރު ނުހިފޭއްޓިދާނޭހެން ހީވަނީތަ؟ އެހެންވެތަ ނުބުނަން ތިއުޅެނީ” ސޮފޫރާ، އަރުފީނުގެ ދެއަތްތިލައިގައި ހިފާ މަޑުމަޑުން ބާރުކޮށްލަމުން ބުނެލިއެވެ.

“އޭނަ ހީކުރަނީ އޭނާގެ ހިތަށް އެކަނިކަމަށް ތަދުވަނީ، އަހަރެންގެ ވިއްޔާ ހިތެއް ނޯންނަނީތަ؟ އިހުސާސްވަނީ އޭނާއަށް އެކަނިތަ؟ ރޮވެނީ އޭނާއަށް އެކަނިތަ؟ އަހަރެންގެ ކެތްތެރިކަން ފުނޑުފުނޑުކޮށްލަން އޭނާ އެވަރަށް މަސައްކަތް އެ ކުރަނީ ކީއްވެ؟ އަހަރެން މޮޔަވެދާނެ… ކީއްވެތަ އަހަންނަށް އޭނާ ކަމުދާންވީ، ކުރިން ރުޅި އައިސް ފޫހިވިގޮތަށް މިހާރު ވެސް ރުޅި އައިސް ފޫހިވާން ބޭނުން، އެއްކޮށް އޭނާގެ މަތިން ހަނދާން ނައްތާލަން ބޭނުންވަނީ…. އަހަރުމެން ދެމީހުންނަށް އޮތް ގޮތަކީ އެއީ… ހުރިހާ އެންމެނަކީ އެކުގައި އުޅެވޭނެބައެއް ނޫން… އެހެންނު ސޮފޫދައްތާ، އެކަމަކު އޭނާއަކަށް ނުވިސްނެއޭ، ނޫން…. ވިސްނަން ބޭނުންނުވަނީ، ކީއްކުރަތަން އަހަރެން ކައިރީ ބުނީ… ނުބުނިނަމަ… ހިތުގައި އޮތް އެއްޗެއް ފޮރުވައިގެން ހުރި ނަމަ، ހިތުގައި އޮތް އެއްޗެއް ހާމަކުރުމުން އެހިތަށް ތަދުވުން ނޫންކަމެއް ނުވިއެއްނު، އެހެން ނުބުނިނަމަ ކިހާ ރަނގަޅުވީސް” އަރުފީނުގެ އަޑު ބެދުމާއެކު މޫނުގައި ދެއަތްއަޅާ ރޯންފެށިއެވެ. އޭރު އަރުފީނަށް ބަލަން އިން ސޮފޫރާ ހީވަނީ ދުވަހަކު ވެސް ނުދެކޭ މަންޒަރެއް ފެނިގެން އިންހެނެވެ. ދެ ލޯ ބޮޑުވެ އަނގަހުޅުވިފައެވެ. މޮޔައެއްހެން އަރުފީނު ވާހަކަދެއްކި ނަމަވެސް ސޮފޫރާއަށް ހުރިހާ ކަމެއް އެނގިއްޖެއެވެ. އަރުފީނަށް ވެގެން އުޅެނީ ކިހިނެއްކަމެވެ. އެވަރަށް އަރުފީނު ރޮނީ ކީއްވެކަމެވެ.

“ލޯބިވެޔޭ ބުނީތަ؟” ސޮފޫރާ މަޑުމަޑުން އަރުފީނާ ގާތްވެލަމުން އޭނާ ގެނެސް ގައިގާ ޖައްސާލިއެވެ. މޫނުގައި އަތްއަޅައިގެން އިންގޮތަށް އިނދެ އަރުފީނު ބޯޖަހާލިއެވެ.

“އަރުފީއަށް ލޯބިވެވުނީތަ؟ އަހަރެންގެ އަރުފީއަށް ލޯބިވެވުނީތަ؟” ސޮފޫރާއަށް ޤަބޫލުނުކުރެވިގެން އަހާލެވުނެވެ.

“ވަރަށް ލޯބިވޭ… ވަރަށް ބޮޑަށް ލޯބިވޭ…” ސޮފޫރާގެ ކޮނޑުގައި ދަތްދޮޅި ޖައްސާލައިގެން އިނދެ ރޮވިފައިވާ އަޑަކުން އަރުފީނު ބުނެލިއެވެ.

“ބުނެފިންތަ ލޯބިވާ ވާހަކަ” ސޮފޫރާ ގަޔާ އަރުފީނު ދުރުކޮށްލާފައި އޭނާއަށް ބަލާލަމުން އަހާލިއެވެ. ދެއަތުން ލޯ ފޮހެލާފައި އަރުފީނު ދެފަރާތަށް ބޯހޫރާލީ ނޫނެކޭ ބުނުމަށެވެ.

“ލޯބިވެޔޭ ބުނުމުން ތި ހިތަށް ހަމަޖެހުން ލިބޭނެ، އޭނަ ވެސް އަރުފީ ދެކެ ލޯބިވެއެއްނު، ދެން ކީއްވެ އަރުފީ ނުބުނެ ތި މަޑުކުރަނީ” ސޮފޫރާގެ ދެއަތުން އަރުފީނުގެ ކަރުނަތަށް ފުހެލަދެމުން ހިނިތުންވެލިއެވެ.

“ނުބުނެވޭނެ، ދުވަހަކު ވެސް ނުބުނެވޭނެ…” އަރުފީނުގެ ރަތްވެފައިވާ ދެ ލޮލުން އޭނާއަށް ލިބިފައިވާ ހިތްދަތިކަން ފާޅުވޭވޭ ހުއްޓެވެ. ސޮފޫރާއަށް އިތުރަށް އަރުފީނާ ސުވާލުކުރަން ޖެހުނީ އެހެންވެއެވެ. އަރުފީނު ކުރިން އޮތްހެން ސޮފޫރާގެ އުނގުގައި ބޯއަޅާލައިގެން އެނދުގައި އޮށޯތެވެ. އަދި ސޮފޫރާ ކުރަމުން ދިޔަ ސުވާލުތަކަށް ޖަވާބުދިނެވެ. ރުހައިލު އާއި އެ ދެމެދުގައި އޮތް ގުޅުމުގެ ވާހަކަ ސޮފޫރާއަށް ކިޔައިދިނެވެ. ރުހައިލުދެކެ ކިތަންމެ ލޯބިވިޔަސް ނުބުނެވޭނީ ކީއްވެކަން ވެސް އަރުފީނު ހާމަކުރިއެވެ. ހުރިހާ ވާހަކައެއް އަޑުއިވުމުން ސޮފޫރާގެ ހިތަށް ކުރިއަށްވުރެ މާބޮޑަށް ތަދުވިއެވެ.

“ލޯބިވާ ވާހަކަ އަރުފީނު ބުނިނަމަ، ފަހަރެއްގައި ހުރިހާ ކަމެއް ބަދަލު ވެސް ވެދާނެއެއްނު” އަރުފީނުގެ އުފާވެރިކަން ގެއްލެން ބޭނުންނުވާ ފަދަ ގޮތަކަށް ސޮފޫރާ ބުނެލިއެވެ.

“ނޫން… އެއްކަމެއް ވެސް ނުވާނެ، ބައްޕަ ގޮތެއް ނިންމެވުމުން ސޮފޫދައްތައަށް ކެރޭނެތަ އެކަމާ ދެކޮޅު ހަދަން، އަހަންނަކަށް ހަމަގައިމު ވެސް ނުކެރޭނެ، އެހެންވީމަ ރުހައިލަށް ކެރޭނެތަ އޭނާގެ ބައްޕަ ނުރުހޭކަމެއްކުރަން، މުއްސަނދިކަމުގެ ތެރެއިން ފެންނާނީ ބޮޑާކަމާއި ކިބުރުވެރިކަން ކަމުގައި ހީކޮށްގެން ހުއްޓާ ޝާރުދާ ދައްތަގެ ފަރާތުން ފެނިގެންދިޔައީ އުންމީދު ވެސް ނުކުރާހާ ހިތްހެޔޮކަމާއި އޯގާތެރިކަން، ޢާއިލާ މީހުންނާ ދުރުގައި ހުރި އިރު އަހަރެން އެގޭގައި ގެންގުޅުނީ އެގެއަށް އައިސް ހުރި މެހެމާނަކަށް ކަމޭހިތާނޭ ވަރަށް ވުރެ ވެސް ޢިއްޒަތުގައި، ޝާރުދާ ދައްތަގެ އެހީތެރިކަން އަހަރެން ދުވަހަކު ވެސް ހަނދާނެއް ނުނެތޭނެ، ޝާރުދާ ދައްތަ ހިތްހަމަނުޖެހޭވަރު ކަމެއް ކުރާކަށް އަހަންނަކަށް ނުކެރޭނެ، ފަހަރެއްގައި އަހަރެން ލޯބިވެޔޭ ބުނުމުން ރުހައިލުގެ ދިރިއުޅުމުން އަހަންނަށް ޖާގައެއް ލިބިދާނެ، އެކަމަކު ޝާރުދާ ދައްތަ އާއި މަލީކުބެގެ ހެޔޮ ދުޢާއިން އަހަރުމެން ދެމީހުން މުޅި އުމުރަށް މަހުރޫމުވާނެ، ގެއަށް ކިޔަވަން ގެނައި ކުއްޖަކު އެމީހުންގެ ހަގު ދަރިފުޅާ ހިތާވެގެން ޢާއިލާއާ ވަކިވީކަން މީހުންގެ ދޫތަކުން އަޑުއަހަން މުސްކުޅި މައިންބަފައިންނަށް ކެތްވާނެތަ؟ އެ ހުރިހާ ކަމެއްގެ ޒިންމާ އަހަރެން އުފުލަންވީތަ؟ ރުހައިލު އެވަރު ކުރީ އޭނާގެ މައިންބަފައިން، އެމީހުންނާ ދެކޮޅަށް ތެދުވަން އަހަރެން އޭނާއަށް ބާރުދޭންވީތަ؟ އެކަމެއް އަހަންނަކަށް ނުވާނެ، ރޯވާ އަލިފާންގަނޑުގެ މެދުގައި އަހަރެން ހުރެ އަނދައިގެން ދާކަށް ބޭނުމެއްނޫން… ލޯތްބަށްޓަކައި ވިޔަސް އަނެކުންގެ ހަމަޖެހުން ނަގައެއްނުލާނަން… އަހަރެން ބޭނުންވަނީ ރުހައިލަށް ވެސް މިހުރިހާ ކަމެއް ވިސްނެން، އެކަމަކު އޭނާ ހުރީ އަޑުއަހަންތައްޔާރަކަށްނޫން، އޭނާގެ އެހާ ކެތްތެރިކަމެއްނެތް…. މިއީ އަހަރުމެންގެ ވަގުތު ނޫންކަން އޭނާއަށް ވިސްނޭނެނަމަ… މީ އަހަރުމެންނަށް އޮތް ގޮތް، އަހަރުމެން ދެމީހުންނަކީ ދުވަހަކު ވެސް އެކުގައި އުޅުމުގެ ނަސީބު ލިބޭނޭ ދެމީހުންނެއްނޫން” ފުންނޭވާއަކާއެކު ލޮލުން ވެއްޓެން ދިޔަ ކަރުނަތިކި އަރުފީނު އެއްއަތުން ފޮހެލިއެވެ.

“މަންމަ، އަހަންނަށްވުރެ އަރުފީދެކެ ލޯބިވަނީ ސަބަބަކާ ނުލައެއްނޫން، ތި ދެލޮލުގައި ފޮރުވަމުން ތިދާ ވޭން ދައްތައަށް ފެނޭ… އަރުފީ ތިހާ ކެތްތެރިވާނެ ކަމަކަށް ދައްތަ ހީނުކުރަން، ތިހާ ލޯބިވާއިރު ވެސް ރުހައިލު ތި ދޫކޮށްލީ، އެވެސް އޭނާ ލޯބިވާކަން އެނގިއެނގި ހުރެ، މަންމަ އާއި ބައްޕަ އެކަންޏެއްނޫން، މިއަދު ދައްތަ ވެސް ފަޚުރުވެރިވަން އަރުފީއަކީ މިދައްތަގެ ކޮއްކޮއަށް ވީތީ، އެކަމަކު ހިތަށް ވަރަށް ތަދުވޭ، ވަރަށް ވަރަށް ދެރަ ވެސް ވެއްޖެ… އަބަދުވެސް ހިތް އެދެމުންދިޔައީ އަރުފީއަށް ހުރިހާ އުފަލެއްލިބުމަށް، އަރުފީ ކުރިމަތިލާ ކޮންމެކަމަކުން އަރުފީއަށް ކާމިޔާބު ލިބުމަށް” ސޮފޫރާގެ ލޮލުން ކަރުނަ ނިރާލިއެވެ. ހަޤީޤަތް އެނގޭއިރު ވެސް އަރުފީނަށްޓަކައި ކޮށްދެވޭނެ ކަމެއް ނެތްކަން ސޮފޫރާއަށް އެނގޭތީ އެކަމާ އޭނާ މާޔޫސްވިއެވެ. ޚުދު އޭނާ ޝާންގެ ލޯބި ބޭނުންވެގެން އުޅުނު ގޮތް ހިތަށް ސިފަކުރެވުނެވެ.

ދެބެން އެކުގައި އެނދުގައި އޮށޯވެލިއެވެ. ރުއިމުގެ ސަބަބުން ލިބިފައިވާ ވަރުބަލިކަމާއެކު އަރުފީނަށް ނިދުނެވެ. އެހެންނަމަވެސް ސޮފޫރާއަށް އޭނާގެ ކޮއްކޮއަށް ބަލަހައްޓައިގެން ވިސްނުމުގެ ތެރެއަށް ގެއްލި އެތައް އިރަކު އޮވެވުނެވެ.

* * * *

އަރައިގެން އައި އިރާއެކު ބެލްކަންޏަށް އަވި އަރަމުން ދިޔައެވެ. ބެލްކަނީގެ ފާރުބުރީގައި ކޮފީމަގު ބަހައްޓާލައިގެން ހުރި އަރުފީނަށް، މޫނަށް އެޅެމުންދިޔަ އަވިން ކުޑަ ވެސް އުނދަގުލެއް ނުވާ ކަހަލައެވެ. ކޮފީމަގުގައި ދެއަތްތިލަ ވަށާލައިގެން ދުރަށް ގެއްލިފައި އޭނާ ހުއްޓެވެ. އެތަނަށް އުނައިސް ވެސް ނިކުތީ ކޮފީ މަގު އަތަށް ލައިގެންނެވެ. މަޑު ފިނިކަމެއް ފަޒާގައި އޭރު ވެސް ހުއްޓެވެ. ފެންވަރާލައިގެން ނިކުތްގޮތަށް އުނައިސް ބޭނުންވީ ކޮފީ ބޯށެވެ. ޢާންމުކޮށް ކޮންމެ ދުވަހަކު ހެން އުނައިސް ކޮފީ ބޯން ނިކުމެ ހުންނަނީ ބެލްކަނީގައެވެ. ދުރުދުރުން ފެންނަ ގެތަކަށް އޭނާ ވެސް ނަޒަރު ހުއްޓާލައިގެން ހުންނަލެއް މަދެއް ނޫނެވެ. އަރުފީނު ފެނުމުން އިރުކޮޅަކު އެ އަންހެން ކުއްޖާއަށް ބަލަހައްޓައިގެން އުނައިސް ހުއްޓެވެ. އެހެން ހުރެފައި ކޮށިއަރައިގެން ލައްވާލާފަދަ އަޑެއް އުނައިސް ލައްވާލިއެވެ. އަރުފީނަށް ގޮވާނުލާ އެހެންނަމަވެސް އޭނާ އެތަނުގައި ހުރިކަން އަންގާލަން ބޭނުންވީއެވެ. ނަމަވެސް އަރުފީނަށް އެއަޑެއް ނީވުނެވެ. މަޑުހިނގުމުގައި އައިސް ބެލްކަނީގެ އަރިމަތީ ފާރުބުރީގައި އުނައިސް ލެނގިލިއެވެ. އެއްފަރާތުން އަރުފީނު ފެންނަ ހިސާބުގައެވެ. ކޮފީމަގުން އެތި ފޮދެއް ބޯލި ނަމަވެސް އުނައިސްގެ ނަޒަރު އަރުފީނާ ވަތްކެއްނުވިއެވެ. އޭނާއަށް އަރުފީނުގެ މޫނުމަތިން ފާޅުވަމުން ދިޔަ މާޔޫސްކަން ފާހަގަވިއެވެ. އޭގެ އިތުރުން އޭނާ ޝައުގުވެރިކުރުވި ކަމަކަށް ދޭތެރެއަކުން އަރުފީނުގެ ތުންފަތަށް ވެރިވާ ހިނިތުންވުން ވެގެން ދިޔައެވެ. އަދި އިސްޖަހާލާފައި ބޭރުކޮށްލާ ފުންނޭވާއިން ނާއުންމީދުގެ ހަނާއަޅާތަން އުނައިސްއަށް ފެނިގެން ދިޔައެވެ.

“ރީތި މަންޒަރެއް ދޯ…” އަރުފީނާ ދާދި ގާތުގައި އައިސް އުނައިސް ހުއްޓިލަމުން ބުނެލިއެވެ. ކުޑަސިހުމެއް ލިބިގެން ދިއުމާއެކު އަރުފީނު ނިކަން އަވަހަށް އުނައިސްއަށް ބަލާލިއެވެ. އެހާ ކުޑަހިނދުކޮޅެއްގެ ބަލާލުމުން ވެސް އުނައިސްއަށް އަރުފީނުގެ ދެލޮލުން އޭނާ ފޮރުވާލީ ކޮންކަމެއްކަން އެނގެނުވެ. އެ ހުރިހާ އިރު އެތަނުގައި އަރުފީނު ހުރީ ކޮން ޚިޔާލަކަށް ގެއްލިފައިކަން އުނައިސްއަށް ނަގައިގަނެވުނެވެ.

“ޔޫ އަރ އިން މައި ސްޕޮޓް” އަރުފީނުގެ ކަންފަތް ކައިރިއަށް ކުޑަކޮށް ގުދުވެލަމުން އުނައިސް ބުނެލިއެވެ. އެއާއެކު އަރުފީނު ވަށައިގެން ހޯދާލާފައި އުނައިސްއަށް ހިނިތުންވެލިއެވެ.

“ސޮރީ… އާވީމަ ނޭނގުނީ” އަރުފީނު ބުނެލިއެވެ.

“އިޓްސް އޯކޭ… އުނައިސް” އުނައިސް ވެސް ހިނިތުންވެލަމުން އަމިއްލައަށް ތަޢާރަފް ވެލުމަށް އަތްދިއްކޮށްލިއެވެ.

“އެނގޭ، ކުރިން އައިމެންނު” އަރުފީނު ވާހަކަދެއްކި ނަމަވެސް އުނައިސްއަށް އެ އަޑުގައި އެއްވެސް ދިރުމެއްނެތްހެން އިހުސާސްވެގެން ދިޔައެވެ. އަދި އުނައިސްގެ އަތުގައި ހިފުމުގެ އެއްވެސް ޝައުގުވެރިކަމެއް އަރުފީނުގެ ނެތްކަން އެނގުނެވެ.

“އަދި ކިރިޔާ އޮފީޝަލީ މީޓްވީ، އަރުފީނު ދޯ… އެހެންވީމަ އަރުފީނު ވާނީ އަހަރެންގެ ކާކަށް، އައި މީން، ބައްޕަ އަރުފީނުގެ މަންމައާ މެރީކުރީމަ ތީ އަހަރެންގެ ކޮއްކޮއަކަށްތަ ވާނީ” އުނައިސް އެއްފަހަރު އަރުފީނަށް އަނެއް ފަހަރު ދުރަށް ނަޒަރު ހިންގަމުން ވާހަކަދެއްކިއެވެ.

“މިވަގުތަށް ތިއީ އުނައިސް، މީ އަރުފީނު… އިތުރު ސުވާލުތަކަށް ޖަވާބުދޭކަށް ނޭނގޭ” އަރުފީނު ބުނެލިއެވެ. އަދި ކޮފީމަގުގައި ބާކީ ހުރި ކޮފީ ފޮދު ބޯލިއެވެ.

“ކޫލް… ފްރެންޑްސް” އުނައިސް ބޯޖަހާލާފައި އަރުފީނަށް އަނެއްކާ ވެސް އަތްދިއްކޮށްލިއެވެ. އެއާއެކު އަރުފީނުގެ ނަޒަރު އުނައިސްގެ ލޮލާ އަމާޒުވެގެން ދިޔައެވެ. ކުއްލިއަކަށް އަރުފީނުގެ ސިކުނޑިއަށް ރުހައިލުގެ ހަނދާންތައް ބޮނޑިވާންފެށިއެވެ. އަވަސް އަވަހަށް ކޮފީމަގު ހިފައިގެން އެތަނުން ދިއުމަށް އަރުފީނު ދުއްވައިގަތެވެ. އުނައިސް ހުރި ފިޔަވަޅުމަތީ އަރުފީނަށް ބަލަންހުރީއެވެ. އޭނާގެ ތުންފަތުގައި ލުއި ހިނިތުންވުމެއް ދުވެލިއެވެ.

* * * *

ޔުނިވަރސިޓީ ނިންމާފައި އަރުފީނު ގެއަށް ދިއުމަށް ނިކުމެގެން ވަކި ހިސާބަކަށް ދެވުނު ތަނާހެން ކުއްލިއަކަށް ހުއްޓުނެވެ. ލިބިގެންދިޔަ ހާސްކަމާއެކު ހޫނުވާންފެށިއެވެ. ޕާކިން ޒޯންގައި ކާރު ޕާކުކޮށްލައިގެން ކާރުގެ ދޮރުފަތުގައި ޖެހިލައިގެން ހުރި ރުހައިލު ފެނި އަރުފީނަށް ހަދާނެގޮތެއް ނޭނގުނެވެ.

“އަހަންނާ ވާހަކަވެސް ނުދައްކަންތަ ނިންމައިގެން ތިހިރީ” ރުހައިލުގެ އަޑާއެކު އަރުފީނަށް ވަށައިގެން ހިނގާ މީހުންނަށް އަވަސް ނަޒަރެއް ދެވުނެވެ. ރުހައިލުގެ ކުރިމަތީ ހުރުން ރަނގަޅެއް ނުވާނެއޭ އަރުފީނުގެ ސިކުނޑި ވިސްނައިދޭންފެށިއެވެ. ރުހައިލުގެ ހަރަކާތްތައް ހުރި ގޮތުން އޭނާ ހީވަނީ ރުޅި އައިސްފައި ހުރި ހެންނެވެ. އަރުފީނަށް އެއްވެސް ޖަވާބެއް ނުދެވުނެވެ. ރުހައިލު މާ ކައިރިވާން ފެށުމުން އައިކޮޅަށް އެނބުރި ދުއްވައިގަތެވެ. އޭނާ ދުވެފައި ގޮސް ޔުނިވަރސިޓީ ތެރެއަށް ވަނެވެ.

ކުލާސްރޫމުތައް ހުރި އިމާރާތުގެ ތެރެއަށް ދުވެފައި އައިސް އަރުފީނު ވަނެވެ. އަދި މަޑުކުރުމެއްނެތި ސިޑިން ދުވަމުން މައްޗަށް އެރިއެވެ. އޭނާއަށް ދެވޭތަނެއް ވެސް ނޭނގެއެވެ. މީހާ ހަމަޖެހެވުނީ އިމާރާތުގެ އެންމެ މައްޗަށް އެރުމުންނެވެ. ކުރިމަތިން ފެންނަން އޮތީ ލެބޯޓްރީ ތަކެވެ. އިތުރަށް މައްޗަށް އަރާނޭ ސިޑިއެއް ނެތެވެ. އޭރު އަރުފީން މާނޭވާލަމުން ދިޔައެވެ. ކުޑަކޮށް ގުދުވެލުމާއެކު ބަނޑުގައި ހިފަހައްޓާލިއެވެ. އަދި ފަހަތަށް ސިޑިއަށް ބަލާލިއެވެ. މަޑުމަޑުން އައިސް ފާރުގައި ލެނގިލައިގެން ސިޑިއާ ދިމާއަށް ބަލަން ހުއްޓެވެ.

“ސޮފޫދައްތާ، އަހަރެން ބަލާ އާދެވިދާނެތަ؟ ރުހައިލު… އޭނަ.. އޭނަ އެބަހުރި މިތާ ކައިރިއަށް އައިސް” އަރުފީނު ފޯނު ނަގާ ސޮފޫރާއަށް ގުޅިއެވެ.

“މި ދަނީ، އަރުފީ މަޑުކުރޭ” ސޮފޫރާ ނިކަން އަވަހަށް ބުނެލިއެވެ. އެއާއެކު އަރުފީނު އެ ކޯލު ކަނޑާލާފައި ފޯނަށް ބަލާލިއެވެ. ފޯނުގެ ޑާޓާ އޮންކޮށްލީ ދެ ޚިޔާލެއްގައި ހުރެފައެވެ. އެހެންނަމަވެސް ޑާޓާއޮން ކުރުމާއެކު ފުލުފުލުގައި ވައިބަރ މެސެޖުތައް ލިބެންފެށިއެވެ. މުޅިން ވެސް ރުހައިލު ފޮނުވާފައި ހުރި މެސެޖުތަކެވެ. ކުރިން ފޮނުވުނު މެސެޖުގެ ސަބަބުން އަރުފީނު ހިތުގައި ޖެހޭނޭކަން އެނގި އެކަމާ ދެރަވެ މާފަށް އެދިފައި ރުހައިލު އޮތެވެ. ކޮންމެ މެސެޖެއް އަރުފީނު ވަކިވަކިން ބަލަމުން ދިޔައެވެ. ރުހައިލު ދެރަވެގެން އުޅޭކަން އޭނާއަށް ވެސް އިހުސާސްވެއެވެ. އެހެންނަމަވެސް ރުހައިލަށް ޖަވާބެއް ފޮނުވަން އޭނާ ބޭނުމެއްނޫނެވެ. ނައިރާއާ ކައިވެނިކޮށްގެން ރުހައިލަށް އުފާވެރި ދިރިއުޅުމެއް ލިބުމަކީ ޚުދު އަރުފީނު ވެސް މިހާރު އެދޭގޮތެވެ.

“ތިހެން ކަންތައްނުކުރޭ ރުހައިލު، ތިކައިވެނީގެ މަތީ ދެމިހުންނަން މަސައްކަތްކުރޭ، އަހަރެން ހޯދަން ދެން މަސައްކަތްނުކުރޭ، ލޯބިވިޔަސް ދޫކޮށްލަންވީ ވަގުތު ޖެހިއްޖެ… ޕްލީޒް… ޖަސްޓް ލެޓް މީ ގޯ…” ފާރުގައި ބޯޖައްސާލަމުން ދެލޯ މަރާލައިގެން ހުރި އަރުފީނުގެ ހިތުގެ އަޑުއިވިގެންދިޔައެވެ.

ރުހައިލު ބަލަން ހުއްޓާ ޕްރައިވެޓް ކާރެއް އައިސް ޔުނިވަރސިޓީ ކުރިމައްޗަށް މަޑުކޮށްލުމުން ގިނައިރެއްނުވެ އަރުފީނު އައިސް އެ ކާރަށް އެރިއެވެ. އެ ކާރު ގޮސް ޖެހިގެން އޮތް މަގު އަޅައި ލޮލަށް އޮބާލަންދެން އޭނާ ބަލަންހުއްޓެވެ. އިސްތަށިގަޑުގައި އަތް ފުނާއަޅާލުމާއެކު މާޔޫސްވެފައި ހުރެ އައިސް އޭނާގެ ކާރަށް އަރާ ދުއްވާލިއެވެ.

“ކޮންތާކުން ތިއައީ؟ ދޮންބެ ރުހައިލު ހޯދާތާ ކޮންއިރެއް، އަހަރެން ކައިރީ ބުނެލާފައި ދިޔަނަމަ” ކޮޓަރީގައި ފޮށިތައްޔާރު ކުރަން ހުރި ނައިރާއަށް ރުހައިލު ކޮޓަރިއަށް ވަންތަން ފެނުމާއެކު ބުނެލިއެވެ.

“ކިހިނެއްވީ؟” ރުހައިލު ފަރުވާކުޑަގޮތަކަށް ބުނެލިއެވެ.

“އޮފް ހޯ! ހަނދާނެއް ވެސް ނެއްތަ؟ ދޮންބެއާއެކު ލަންޑަނަށް އަހަރުމެން ފުރަން އެއްބަސްވީމެއްނު، ބައްޕަ ވެސް ދެ ފަހަރު ކޮޓަރިއަށް ދުރުވެއްޖެ، ކުއްލިއަކަށް ކޮންތާކަށްތަ ދިޔައީ، ފަޒަލް އާއި މިއްމި ރެޑީވިތާ ކޮންއިރެއް، ރުހައިލު ބުނީމައެއްނު އެނގޭނީ ފޮށްޓަށް އަޅާނޭ އެއްޗެއް ވެސް” ނައިރާ ހިންދެމިލަމުން އުނަގަނޑުގެ ދެފަރާތުން އަތްވިއްދާލިއެވެ.

“މިހާ އަވަހަށް ފުރަން ހަމަޖެހުނު ކަމެއް އަހަންނަށް އެނގިފައެއްނެތް، ހަފްތާއެއްވަރު މިކޮޅުގައި މަޑުކުރާނަންކަމުގައި ދޮންބެ ބުނެފައި އޮތީ، އެހެންނޫނަސް ފުރައިގެން ދިއުން އެހާ މުހިންމުތަ” ޖިންސުގެ ޖީބަށް ދެއަތްޖަހާލައިގެން ނައިރާއަށް ބަލަން ހުރެ ބުނެލިއެވެ.

“އަހަރުމެންގެ ހަނީމޫނު އޮންނާނެއެއްނު…” ނައިރާއަށް މިހެން ބުނެވެންވާއިރަށް ރުހައިލު އެކޮޓިން ނިކުމެގެން ހިނގައްޖެއެވެ. ނައިރާ އަވަސް އަވަހަށް ރުހައިލުގެ ފަހަތުން ނިކުތެވެ. އެއްޗެކޭ ބުނެވުމުގެ ކުރިން ރުހައިލު ގޮސް ލިފްޓާ ދިމާލުގައި މަޑުކޮށްލިއެވެ. ހައިރާންކަމެއް ލިބިފައި ނައިރާއަށް އިރުކޮޅަކު ހުރެވުނެވެ.

ލިބިފައި ހުރި ވަރުބަލިކަމާއެކު މުޅި ރޭ ނިދުމުގެ އަރާމުކަމުގައި އޮވެފައި ހެނދުނު ނައިރާއަށް ހޭލެވުނު އިރު ރުހައިލު އެނދުގައި ނެތްކަން ފާހަގަވިއެވެ. އެހެންވެ އޭނާ ހޯދަމުން ދިޔައިރު ނައިރާއަށް ރުހައިލު ފެނިފައިވަނީ ގޭގެ ހާމަފެންޑާގެ ހިޔާކޮށްފައި ހުރި ބައިގެ ސޯފާއެއްގެ މައްޗަށް ބަންޑުން ވެއްޓި ނިދާފައި އޮއްވައެވެ. އޭނާ އެތަނަށް އައީ ކޮންއިރަކު ކަމެއް ވެސް ނައިރާއަކަށް ނޭނގެއެވެ. ނައިރާއަށް، މެންދުރު ޢާއިލާއާއެކު ކާމޭޒު ދޮށުން ވެސް ފެނުނީ ނުހަނު ހަމަހިމޭންކަމުގައި ރުހައިލު އިންނާތީއެވެ. ވާހަކައެއް އަހާލާނެ ފުރުޞަތެއް ރުހައިލު، ނައިރާއަކަށް ނުދެއެވެ. ދެމަފިރިންނަށް ވީތީ ޢާއިލާގެ އެންމެންގެ ތެރޭ ހުރިހާ ވާހަކައެއްދައްކަން ނައިރާ ބޭނުމެއްނޫނެވެ. ރީތި އާދައަކަށް ވެސް ނުވާތީއެވެ. އެންމެފަހުން ރުހައިލުއާއެކު ކޮޓަރީގައި ނައިރާ އެކަނިވެލުމާއެކު ވާހަކައެއް ނުދެއްކިގެން އުޅެނިކޮށް އަނެއްކާ ވެސް އޭނާ ނިކުމެގެން އެދިޔައީއެވެ. ކޮޓަރި ދޮރުމަތީ ލިފްޓާ ދިމާއަށް ދިޔަ ރުހައިލަށް ބަލަން ނައިރާ ހުރިއިރު އޭނާގެ މޫނު މަތިން މާޔޫސީކަން ފާޅުވެގެންދިޔައެވެ. އެހެންނަމަވެސް އެ މާޔޫސްކަން ފަރުދާކޮށްލާ ހިނިތުންވުމަކުން މޫނު އުޖާލާކޮށްލަން ނައިރާއަށް ޖެހުނީ ކުރިމަތިން މިލާން ފެނުމުންނެވެ.

“އޯ ނައިރާ…” ނައިރާ ފެނުމުން މިލާން ދުވެލާފައި އައިސް އޭނާގެ ގައިގާ ބައްދާލިއެވެ.

“މިހާ އުފަލެއް އަދި ދުވަހަކު ވެސް ނުވޭ” ނައިރާ އާއިއެކު އެކޮޓަރިއަށް ވަން މިލާން އުފަލުން އެނބުރިގަތެވެ.

“ހޭ ގާލް! ކިހިނެއްވީ އަނގައިން ނުބުނީ، ކޮންތާކައްތަ ރުހައިލު އެ ދިޔައީ” މިލާންގެ އުފަލުގައި ނައިރާ ބައިވެރިނުވުމުން އަހާލިއެވެ.

“ކޮންމެވެސް ކަމަކާ ރުހައިލު ވަރަށް ހިތްހަމަނުޖެހިފައި ހުރިހެން ހީވަނީ، ޤަބޫލުކުރެވޭތަ ހެނދުނު ތެދުވިގޮތަށް އަހަރެން ހިތްފުރެންދެން ރުހައިލަށް ބަލާލާނެ ފުރުޞަތެއް އޭނާ ނުދެޔޭބުނިއްޔާ… މިއްމި، އަހަންނާ ވާހަކަދެއްކީމަ ދޯ އެނގޭނީ ރުހައިލު ހިތްހަމަނުޖެހިފައި ހުރީ ކީއްވެކަން ވެސް، މިހާރު އަހަރުމެން ދެމީހުންނަކީ ދުރު ދެމީހުންނެއްނޫން، އަނެއްކާ ފަޒަލް ވެސް އެހެންތަ އުޅެނީ…. އަހަންނަށް ފިރިހެނުންގެ ގޮތް ނޭނގެނީތަ؟” ފޮށިކައިރީ ހުއްޓިލައިގެން ހުރެފައި އެނދުގައި ނައިރާ އިށީނެވެ. އެއާއެކު މިލާން އަވަސްއަވަހަށް އައިސް ނައިރާގެ ގާތުގައި އެނދުގައި އިށީނެވެ.

“ތިހާ ބޮޑަށް ހާސްނުވެބަލަ، ދުވަސްކޮޅަކުން ރުހައިލު ހަމަޖެހިދާނެ، އޭނައަކީ ފާޑެއްގެ ރުޅިގަނޑެއް ގެންގުޅޭ ޒުވާނެއް، އޭނާ ހަމައަކަށް އެޅުވޭނީ ފަޒަލްއަށް، ކަމަކާ ރުހައިލު ހިތްހަމަނުޖެހިފައި ހުއްޓަސް އެނގޭނެ މީހަކީ ފަޒަލް، ނައިރާ ކަންބޮޑުނުވޭ، އަހަރެން ފަޒަލް ގާތު ބުނާނަން، އޭނާ ހޯދާނެ ރުހައިލަށް ވެގެން އުޅޭ ގޮތެއް” މިލާން، ނައިރާގެ ހިތްހަމަޖައްސާދޭން އުޅުނެވެ. ފަޒަލްގެ ފަރާތުން ހުރިހާ ހަޤީޤަތެއް އެނގި ހުރެއެވެ. އެހެންނަމަވެސް ނައިރާ ހަމަޖެހޭ ގޮތެއްނުވިއެވެ. އުނގުގައި އޮތް ދެއަތްތިލަ އެއްއަތްއަނެއްއަތުގެ ތެރެއަށް ލައިގެން އިނދެ މޮޑެމުންދިޔައެވެ. ޚުދު މިލާން ވެސް މިފަދަ މަންޒަރެއް ފެނިދާނެކަމަށް ހުރީ އުންމީދުކޮށްގެންނެއްނޫނެވެ.

“ހަމަޖެހިބަލަ… ރުޅިގަނޑުފިލީމަ އިރުކޮޅަކުން ރުހައިލު އެނބުރި އަތުވެދާނެ، ކައިވެނީގެ ކުރީކޮޅުގައި ތިޔަހެން މާޔޫސްވާންވެއްޖެއްޔާ އެކުގައި މުޅިއުމުރު ހޭދަކުރާނީ ކިހިނެއް” ސަމާސާގޮތަކަށް މިލާން ބުނެލިއެވެ.

“މިއްމީ، އަހަރެން ބޭނުންވަނީ ރުހައިލުގެ ހުރިހާ ވާހަކައެއް ޚިއްޞާކުރެވޭހާ ގާތްމީހަކަށް އަހަރެން ވާން، ދެމަފިރިންގެ އެކަކު އަނެކަކަށް ކިޔައި ނުދެވޭނޭ ވަރު ކަމެއް ނޯންނާނެ… އެހެން އަހަރެން ދުރުކޮށްލީމަ ވަރަށް ހިތަށް ތަދުވާގޮތެއް ވަނީ، ނޭނގުމެއްގެ ތެރޭގައި ހުންނަންޖެހުމުން މާބޮޑަށް ހާސްވަނީ، ބައްޕަ ދުރުވެފައި ރުހައިލު ކޮބާތޯ އެއްސެވުމުން ބުނާނެ އެއްޗެއް ނޭނގުނީމަ ލަދުން ކިރިޔާ މަރުނުވީ، ރުހައިލަކީ މިހާރު އަހަރެންގެ ފިރިމީހާ، ބައްޕަ ވެސް އައިސް އެހެން އެ އެއްސެވީ އެކަކަށް ނޭނގުނަސް އޭނާ ވީތަނެއް އަހަންނަށް އެނގޭނޭތީވެ، އަހަރެން ބޭނުމެއްނޫން ރުހައިލު ފާޑެއްވެލާއިރަށް ފަޒަލްގެ ގާތަށް ދާކަށް، ގޮސް އޭނާގެ ފަރާތުން ރުހައިލަށް ވެގެން އުޅޭގޮތެއް އޮޅުން ފިލުވާކަށް” ނައިރާ ކަންބޮޑުވެފައި އިންވަރު މިލާންއަށް ވިސްނި ދެން ވެސް އޭނާ ބެލީ މައްސަލައެއް އުފެދުމުގެ ކުރިން އަވަހަށް ހުރިހާ ކަމެއް ހަމަޖައްސާލެވޭތޯއެވެ.

“ނައިރާ، ރުހައިލަކީ ކުޑައިރުގެ ރުހައިލެއްނޫން، އޭނާ ފަޒަލްއާއެއްކޮށް އުޅޭތަން އަހަންނަށް ފެނޭ، އެއްވެސް އިރެއްގައި މާ އަނގަގަދަވެގެން އުޅޭ ޒުވާނެއްނޫން އެއީ، މާގިނަ ވާހަކަތަކެއް ނުދައްކާނެ، އެހެންވީމަ ކަމަށްވެދާނެ ނުބުނެވިގެން އެއުޅެނީ، އަލަށް ދެމީހުން މެރީކުރީމަ އެކި މީހުން ރިއެކްޓްކުރާނީ އެކިގޮތަށް…. ރުހައިލަކަށް ނޭނގޭނެ އަންހެންކުދިންގެ ހިތްރުއްސާނެގޮތެއް، ފަޒަލް އަބަދުވެސް ބުނާ ވާހަކައެއް އެއީ… އޭނާއަށް އަދި ނައިރާ ބޭނުންވާގޮތް ނޭނގެނީހެން ހީވަނީ، އެހެންވީމަ މިބުނަނީ ހާސްނުވާށޭ، މަޑުމަޑުން ކަންކަން ހަމައަކަށް އެޅިދާނެއޭ” މިލާން ބުނެލިއެވެ.

“އަހަރެންދެކެ ލޯބިވާއިރު ވެސް އޭނާއަށް އެނގުނީ އެ ވާހަކަ ވެސް ފަޒަލް ކައިރީ ބުނަންވިއްޔާ، އަހަރެން ގާތުގައި އަދިވެސް ނުބުނޭ… ހެ ހެ ހެ… އެއްވެސްކަމެއްގައި އޭނާއަށް އިސްނަގާކަށް ނުކުރޭ… ހެ ހެ ހެ” މިލާންގެ ވާހަކަތަކުން ނައިރާއަށް ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ލިބިގެން ދިޔަ ކަން އޭނާގެ ހުނުމުން ފާޅުވެގެންދިޔައެވެ. ތަކުރާރުކޮށް ރޭގައި ހިނގައިދިޔަ ކަންތައްތަކުގެ ހަނދާނުގައި ނައިރާ ހުރެ މޮޔައަކު ފަދައިން ހެމުން ފޮށިތައްޔާރު ކުރަންފެށިއެވެ. އެތައް ފަހަރަކު ރޭގައި ނައިރާ ހުއްޓުވަން ރުހައިލު އުޅުނުގޮތް ނައިރާއަށް ސިފަވެގެން ދިޔައީ އޭނާގެ ލަދުވެތިކަން ކަމުގައެވެ. ހިތުގައި ލޯބި އުތުރިއަރައިގަތުމުން ފޮށްޓަށް ލާންވެގެން ނެގި ރުހައިލުގެ ޓީޝާޓު ގެނެސް މޭގައި ބޮނޑިކޮށްލާފައި ނަށާލެވުނެވެ. އޭނާގެ ފަހަތުން ހެމުންހެމުން އައި މިލާން ވެސް ނައިރާގެ ގައިގާ ބައްދާލިއެވެ. އާކައިވެނިން ލިބުނު އުފާވެރިކަން ދެ އަންހެންކުދިންގެ މެދުގައި ފާޅުވަމުންދިޔައެވެ.

“ނަސީބެއް، އަހަރުމެން ދެބައިމީހުން އެކުގައި ދާން ހަމަޖެހުނުކަން، މަޖާވާނެކަން މިހާރު ވެސް ހިތަށް އަރާ” ނައިރާ ބުނެލިއެވެ.

“އަހަރެން ވެސް މިހިރީ ވަރަށް އެކްސައިޓްވެފައި، އަދި ދުވަހަކު ވެސް ލަންޑަނަކަށް ނުދަން” މިލާން މިހެން ބުނުމާއެކު ނައިރާ ވެސް އޭނާއާ ބައިވެރިވެލިއެވެ.

ބޮޑުކޮޓަރިތެރެއިން ފަޒަލްއަށް ރުހައިލު ފެނުނީ ބޭރަށް ނިކުންނަން ދަނިކޮށެވެ. އޭނާ ދުރުދުރުގައި ފައިއަޅަމުން ރުހައިލުގެ ފަހަތުން ނިކުތެވެ. ގޭޓުން ނިކުމެގެން ދިޔަ ރުހައިލު ގޭގެ ބޭރުފާރު ކައިރީ ހުއްޓިލަމުން ފުންނޭވާއެއް ލީތަން ފަޒަލްއަށް ފެނުނެވެ. އޭނާ އައިސް ރުހައިލުގެ ކޮނޑުގައި އަތްޖައްސާލިއެވެ.

“ކިހިނެއްވީ؟ ކަމަކާ ވަރަށް ހާސްވެފައި ހުރިހެން ހީވަނީ” ރުހައިލު ބަލާލާފަ ވެސް އަނގައިން ނުބުނުމުން ފަޒަލް އަހާލިއެވެ.

“އަހަރެންގެ ޓެންޝަން އަހަންނަށް ހޭންޑްލް ކުރެވޭނެ، ފަޒަލް ހާސްނުވޭ” ރުހައިލު ފަރުވާކުޑަގޮތަކަށް ބުނެލިއެވެ.

“ކޮންސަކަރާތެއްޖަހަން ރުހައިލު މިހާރު ތިޔައުޅެނީ” ފަޒަލް ކުޑަކޮށް ހިތްހަމަނުޖެހޭގޮތްވިއެވެ.

“މަވެސް ހިތަށް މިއަރަނީ އެހެން، ކޮންސަކަރާތެއްހޭ މީ… ކޮން ހަނީމޫނަކު ދާކަށް، ކައިވެނި މިއޮތީ ކުރެވިފައެއްނު، ދެން މިތަނުގައި ތިބީމަ ނިމުނީނު” ރުހައިލުގެ ރުޅިގަނޑު ދުންއަރަމުންދިޔަ ތަނަކުން ހުޅުފަޅައިގެން ދިޔަހެން ފަޒަލްއާ ކުރިމަތިކުރުވިއެވެ.

“ރުހައިލު މޮޔަވީތަ؟ ކައިވެނިކޮށްގެން ދެމަފިރިން އެކުގައި ހޭދަކޮށްލަން ލިބޭ ދުވަސްކޮޅަކީ އެއީ، ރުހައިލު ވެސް ހިތްހަމަޖައްސާލަން މި ދުވަސްކޮޅުގެ ބޭނުން ހިފާބަލަ، މި މާހައުލާ ދުރަށް ދިއުން މިހާރު ރުހައިލަށް އެންމެ ރަނގަޅުވާނީ ވެސް، ތިއުޅޭ ގޮތް ދޫކޮށްލާކަށް ނުވޭތަ؟ އަހަރެން ކައިރީ ރުހައިލު ވަޢުދެއްނުވަންތަ ކަމަކަށް؟” ފަޒަލްގެ ހަނދާންކޮށްދިނުން ރުހައިލަށް ހީވީ އޭނާގެ މޫނުމައްޗަށް އެރި ހޫނު އެތިފަހަރެއް ހެންނެވެ.

“އަހަންނަކަށް ނުވާނެ ފަޒަލް، އަހަރެން މޮޔަވެދާނެ… ނައިރާއާއެކު އެގޮތަށް އުޅެންވެއްޖެއްޔާ އަހަރެން މޮޔަވެދާނެ” ރުހައިލު އިސްޖަހާލައިގެން ހުރެ ވަރަށް މަޑުމަޑުން ބުނެލިއެވެ.

“ރުހައިލު، ކުރިން ވެސް އަހަރެން ނުބުނަންތަ ކައިވެނިކުރުމަށްފަހު ނައިރާއަށް އޭނާގެ އުފާވެރިކަން ގެއްލުނަދީގެން ނުވާނެއޭ، ރުހައިލުގެ އެހާ ހިތްވަރުނެތިއްޔާ އޭނާއާ އިންނާނެކަމެއްނެތޭ، މަލީކުއަންކަލްއަށް އެކަން އަންގަން ވެސް ބޭނުންނުވީ ހަމަ ރުހައިލު، މިހާރު ދެން ތިވާހަކަތައް ދައްކާނެކަމެއްނެތް، ރުހައިލު ޖެހޭނީ ހުރިހާކަމަކަށް ކެތްކުރަން، ތިގޮތް ބަދަލުކުރަން… ނައިރާއަށް އަނތްބެއްގެ ދަރަޖަދޭން… ރުހައިލު ރުހުނަސް ނުރުހުނަސް، އެއީ ކޮށްފައި އޮތް ވަޢުދެއް، ހަމައެކަނި އަހަންނަކަށް ނޫން، ޤާޟީގެ ކުރިމަތީގައި ރުހައިލު ވަނީ ނައިރާ އަނތްބެއްގެ ގޮތުގައި ބަލައިގަނެ އޭނާ ޤަބޫލުކޮށްފައި، މިހާރު ފިނޑިއެއްހެން ފިލަން ތިދުވަނީ ކީއްވެތަ؟ ރުހައިލުގެ ދުލުން ބުނީމެއްނު ނައިރާ ވަރިއެއް ނުކުރާނަމޭ، ހިތުގައި ވާއެއްޗެއް އޭނާއަށް އެނގުނަކަ ވެސް ނުދޭނަމޭ، މިހާރު ތިއުޅޭ ގޮތުން ނައިރާއަށް ކަމެއް ނޭނގި ހިނގައިދާނެތަ؟ ތި ކައިވެނި ތިގޮތުގައި ކުރިއަށް ހިނގައިދާނެހެން ހީވޭތަ… ނޫނީ ބޭނުންވަނީ ގަސްދުގައި ނައިރާ ވަރިވާނޭ އުޒުރެއް ދޯ” ފަޒަލް ސިއްރުން ކަހަލަ ގޮތަކަށް ރުހައިލުގެ ވަރަށް ގާތަށް ޖެހިލައިގެން ހުރެ އެއްޗެހި ކިޔެވެ.

“ފަޒަލް، އަހަންނަކީ އިންސާނެކޭ… ހިލައިގެ ބުދެއްނޫނޭ… އަހަރެން ނައިރާއާއެކު އުޅެފާނަން، އެކަމަކު… އެކަމަކު އޭނާއާ ގާތްވުމަކީ އަހަންނަށް ވާނޭކަމެއްނޫން، އެ ހޫނުގައި އަހަރެންގެ އަދައިގެންދާއިރު އަހަރެންގެ ހިތް ރޯވަރު އެނގޭނީ ޚުދު އަހަންނަށް” ރުހައިލުގެ ލޮލުން ކަރުނަ ނިރާލިތަން ފަޒަލްއަށް ފެނުނެވެ. އަވަސްއަވަހަށް ރުހައިލު، ފަޒަލްއަށް ފުރަގަސްދިނެވެ.

“އެ މިނިވަންކަމާ ނުލާ ދެމަފިރިންގެ ގޮތުގައި ތިބުމުގެ މާނައަކީ ކޮބާ؟ ތި ގެންނަން އުޅޭ ދުރުކަމުގެ ސަބަބުން ނައިރާއަށް ވާނޭގޮތެއް ރުހައިލު ވިސްނާލިންތަ؟ އޭނާ މި ދިރިއުޅުންދެކެ ފޫހިވާނޭވަރު އެނގޭތަ؟ އަހަންނަށް އެނގިއްޖެ… ރުހައިލު ބޭނުންވާގޮތް ވަރަށް ސާފު، ވަރަށް މޮޅު… ކުށެއްނެތް އަންހެންކުއްޖެއްގެ ހިތްހަލާކުކޮށްލަން ތިނޫންގޮތެއް ނޭނގުނު ދޯ، ކައިވެނީގެ ކުރިން ނޫނެކޭ ބުނިނަމަ ތިޔަހެން އުޅޭކަށް ނުޖެހުނީސް… މައިންބަފައިން ބޭނުންވާގޮތް ވެސް ހަދަން ބޭނުން، އަމިއްލަ ހިތް އެދޭގޮތް ވެސް ހަދަން ބޭނުން، އެހެންވިޔަސް ބުނަން ރުހައިލު، ކަލެއަށް ދެ އުފާ ހާޞިލުވުމެއްނެތް… އެއީ ކަލޭ މިކައިވެނި ކުރީތީ، ނައިރާގެ ހިތުގައި ޖައްސާފައި ކަލޭގެ އުފާވެރިކަން ލިބިދާނެކަމުގައި ހީނުކުރާތި” ފަޒަލް ނުރުހުންވެފައި ހުރިވަރު ރުހައިލަށް އިހުސާސްވެގެންދިޔައެވެ. އިތުރަށް އެއްވެސް އެއްޗެއް އޭނާ ނުބުންޏެވެ. އިރުކޮޅަކު ހުރެފައި ދުރަށް ހިނގައިގަތެވެ. ފަޒަލް އޭނާ ހުއްޓުވާކަށް ނޫޅެއެވެ. ހިތްހަމަނުޖެހިފައި ހުރެ މުއްކަވާލި ދެއަތްތިލަ ޖިންސުގެ ޖީބަށް ޖަހާލަމުން ހަރުކޮށް ހިނގާފައި އައިސް ގޭޓުން އެތެރެއަށް ވަނެވެ.

* * * *

ކާރުގެ ކުރީ ސީޓުގައި އިން އުނައިސް، ކާރު ދުއްވަމުން ފަހަތުން ސީޓުގައި ތިބި ސޮފޫރާ އާއި އަރުފީނަށް ސިއްރުން ބަލަމުން ދިޔައެވެ. އެ ދެބެންގެ މެދުގައި ކޮންމެވެސް ވާހަކައެއް ދެކެވެމުންދެއެވެ. ދޭތެރެއަކުން އިވޭ ލަފުޒަކުން ވިއްޔާ ދެބެން ވެސް ތިބީ ވަރަށް ހާސްވެފައި ކަން އެނގެއެވެ. އެހެންނަމަވެސް އެމީހުން އެ ވާހަކައެއް ދައްކަނީ އުނައިސްއަށް އަޑުއިވޭ ވަރަކަށް ނޫނެވެ. ސޮފޫރާ ދުވެފައި އައިސް އޭނާގެ ގާތުން ކަމަކަށް އާދޭސްކުރި ފުރަތަމަ ފަހަރަށް ވިޔަސް އުނައިސްގެ ސިކުނޑިއަށް އުނދަގޫތަކެއް ކުރެވިގެންދިޔައެވެ. އަރުފީނުގެ މޫނުމަތި މިލާފައިވާތަން އުނައިސްއަށް ފެނެއެވެ. ހީވަނީ ދެންމެ ދެންމެ ރޯންފަށާފާނެހެންނެވެ. ސޮފޫރާ، އަރުފީނު ގަޔާ ކައިރިކޮށްލައިގެން ނެތްނަމަ މިހާރު އެ އަންހެންކުއްޖާ ރޯންފަށާނެކަމުގައި އުނައިސްގެ ހިތް ބުންޏެވެ.

ގޭގެ ދޮރުމައްޗަށް ކާރު މަޑުކޮށްލުމާއެކު އެކަކަށް ވުރެ ވެސް އަވަހަށް އަރުފީނު އޭނާގެ ދަބަސްހިފައިގެން ކާރުން ފައިބައިގެން ގޮސް ގެއަށް ވަނެވެ. ހާސްވެފައި އިން ސޮފޫރާ އޭނާގެ ކޮއްކޮގެ ފަހަތުން ދިއުމަށް އަވަސްވެގަތެވެ.

“ދިސް ހޯލް ފެމެލީ ގޮޓް ޕްރޮބްލެމްސް” ދޮރުވެސް ލައްޕާލުމެއްނެތި ސޮފޫރާ ދުއްވައިގަތުމުން އުނައިސް ބުނެލިއެވެ. އަދި ކާރުގެ ފަހަތު ދޮރުފަތް ލައްޕާލާފައި ގޭ ދޮށުގައި އޮތް ޕާކިން ޒޯންގައި ކާރު ޕާކުކޮށްލާފައި އައިސް ގެއަށްވަނެވެ. އޭރު ގޭތެރޭގައި އަރުފީނާއި ސޮފޫރާގެ އެއްވެސް ހިލަމެއްނެތެވެ. ދެމީހުން ދިޔައީ ކޮންތާކަށްތޯ ބެލުމުގެ ބަދަލުގައި އުނައިސް ބޮޑުކޮޓަރީގެ ސޯފާގައި އިށީނދެ ކުރިމަތީ ހުރި ކުޑަމޭޒުގެ މައްޗަށް ދެފައި އަރުވާ ދަމާލިއެވެ. އަދި އެއްފައި މައްޗަށް އަނެއްފައި އަރުވާލަމުން ސޯފާއަށް ކުޑަކޮށް ވެއްޓި އޮވެގެން ރިމޯޓުން ޓީވީގެ ޗެނެލް ބަދަލުކުރަންފެށިއެވެ.

“ލޯބިވާ މީހުންނާ ދުރުގައި ތިބުމަކީ ފަސޭހަކަމެއްނޫން” ނުރޯން މަސައްކަތްކުރަމުން ދިޔަ އަރުފީނަށް ސޮފޫރާ ބުނެލިއެވެ.

“އެކަމަކު އޭނާއަށް ޖެހޭނީ ދުރުގައި ހުންނަން، މި މާލެ ދޫކޮށް އަހަންނަށް ދެވޭނެނަމައޭ މިހާރު ހިތަށް އަރާ، އަލުން އެނބުރި ރަށަށް ދާން ބޭނުންވަނީ” އަރުފީނު ބުނެލިއެވެ. އެއާއެކު އަރުފީނުގެ ގާތުގައި އިނދެ އޭނާގެ ކޮނޑުގައި ވަށާލި ސޮފޫރާގެ އަތުން ކޮއްކޮގެ ގައިގާ ފިރުމާލިއެވެ.

“މިގޭގައި ބައިވަރު ނޯކަރުންތަކެއް ނޫޅޭ، ކާރުގައި ގިނައިން އުޅެނީ އުނައިސް… ދައްތަ އުނައިސް ގާތު ބުނަންތަ އަރުފީ ބަލާ ކޮންމެ ދުވަހަކު ގޮސްދޭށޭ” ސޮފޫރާ ބުނެލިއެވެ. އަރުފީނު އެއްވެސް އެއްޗެއް ނުބުންޏެވެ. އޭނާ މަޑުމަޑުން އެނދުގައި އޮށޯވެލިއެވެ. އަދި ބާލީސް ގެނެސް މެޔާލާ ބޮނޑިކޮށްލަމުން ދެ ލޯ މަރާލިއެވެ. މެރިފައިވާ ދެ ލޯ ކުރިމަތިން ރުހައިލު ސިފަވެގެން ދިޔައެވެ. ހަމަ އެހިނދު ލޮލުން ކަރުނައިގެ ރޮނގެއް އެޅިގެން ދިޔައެވެ. އެހެންނަމަވެސް އޭނާ މިފަހަރު ނުރޮއެވެ. އޮތްގޮތަށް އޮތީއެވެ. ސޮފޫރާ، އަރުފީނުގެ ބޮލުގައި ފިރުމާލާފައި ކޮޓަރިން ނިކުތެވެ.

* * * *

ރުހައިލު އެނބުރި ކޮޓަރިއަށް އައިސް ވަނުމުން އެނދުގައި އިށީނދެލައިގެން އިން ނައިރާ ފެނި ހުއްޓެވުނެވެ. ރުހައިލު ފެނުމުން ނައިރާގެ ތުންފަތުގައި ހިނިތުންވުމެއް ދުވެލިއެވެ. މަޑުމަޑުން ތެދުވެގެން އައިސް ރުހައިލުގެ ނޭވާ އިހުސާސްވާހާ ގާތުގައި ހުއްޓި ރުހައިލުގެ މޭގައި އަތްތިލަ ޖައްސާލަމުން ތަންކޮޅެއް ބޮޑަށް ހިނިތުންވެލިއެވެ. ރުހައިލު، އަރުފީނުގެ އަތްތިލަ އޭނާގެ މޭމަތިން ނަގަމުން ނައިރާ ދުރަށް ޖައްސާލިއެވެ.

“އައެމް ސޮރީ” ލަދުވެތިގޮތަކަށް އިސްޖަހާލަމުން ނައިރާ ބުނެލިއެވެ. އެއްގޮތަކަށް ވެސް ނައިރާގެ ހަރަކާތްތައް ދެނެގަންނާކަށް ރުހައިލަކަށް ނޭނގުނެވެ. އެހެންވެ ހައިރާންވެފައި އަނގައިން ނުބުނެ ހުރެވުނީއެވެ.

“ރޭގަ… ރޭގައި ވީކަންތައް..” ނައިރާއަށް ބުނަން އުޅުނު އެއްޗެއް ފުރިހަމަ ނުކުރެވެނީސް ރުހައިލު އަވަސް އަވަހަށް ވާހަކަދައްކަން ފެށިއެވެ.

“ފޮށިތައްޔާރުވީތަ؟ ދޮންބެވީ ކޮންތާކު؟ ކޮޓަރީގަތަ… އަހަރެންގެ އެއްޗެހި ވެސް ޕެކްކުރީތަ” ރުހައިލު އަވަސްއަރުވާލާފައި ވާހަކަދައްކަން ފެށުމުން ލާނެތް ހިންޏެއް ނައިރާގެ ގާތަށް އައެވެ. އޭނާ ބުނަން އުޅުނު އެއްޗެއް އަޑުއަހަން ރުހައިލަށް ނުކެރުނީއޭ ހިތާއެވެ.

“އަހަރެން ރުހައިލްއަށް ވެސް ޕެކްކޮށްފިން” ނައިރާ ބުނެލިއެވެ.

“އަންނާނަން ދޮންބެއާ މީޓުކޮށްލާފައި” ހަމަޖެހޭ ގޮތް ދައްކަމުން ރުހައިލު ބުނެލިއެވެ.

“މަންމަ ގޮވާލެއްވި، އަހަރެން ވެސް މިދަނީ މަންމަ ކައިރިއަށް” ނައިރާ ހިނިތުންވެލިއެވެ. އަދި އިސްތަށިގަނޑު އަތުން އޮމާންކޮށްލާފައި ވޫލުކޮޅަކުން އައްސާލަމުން ކޮޓަރިން ނިކުމެގެން ދިޔައެވެ. އޭނާ ދިއުމުން ރުހައިލު ވެސް ނިކުމެގެން އައިސް އިޒުވާނުގެ ކޮޓަރީގެ ދޮރުގައި ޓަކި ޖެހިއެވެ.

“ވަދޭ” އިޒުވާނުގެ އަޑު އިވުމާއެކު ރުހައިލު ކޮޓަރީގެ ދޮރު ހުޅުވާލާފައި އެތެރެއަށް ވަނުމާއެކު ދޮރުލައްޕާލިއެވެ.

“ދޮންބެ ފުރަނީތަ؟ ބުނީމެއްނު ހަފުތާއެއްވަރު މިކޮޅުގައި މަޑުކުރާނަމޭ” ރުހައިލު އަހާލިއެވެ،

“ޝެރީލް ވަރަށް ބަލިވެގެން އުޅެނީ، މިކޮޅުގައި ކިހިނެއް ހުންނާނީ، އެހެންނޫނަސް މީ ބޯރިންގ ތަނެއް” އިޒުވާނު ބުނެލިއެވެ.

“ދޮންބެ ބޭނުންހާ ގޮތަކަށް މިތަނަކު ނޫޅެވޭނެ ދޯ، އެހެންވީމަތަ ބޯރިންގވީ” ރުހައިލު ދުރުދުރުން ބުނެލިއެވެ.

“ވަޓް ޑޫ ޔޫ މީން” އިޒުވާނުގެ ފުރިހަމަ ސަމާލުކަން ރުހައިލަށް ހުއްޓުނެވެ.

“ދޮންބެއަކީ މާލޭ މީހެކޭ، ލަންޑަނުގައި އުޅުނަސް މީ ދޮންބެގެ އުފަންތަނަކީ، މައިންބަފައިންނާ ޢާއިލާ ތިބި ތަނަކީ، މަންމަ ދޮންބެމަތިން ހަނދާންވެގެން އުޅޭއިރު އަހަރެން ހިތަށް އަރާ ދޮންބެ އެއްފަހަރު ވެސް މަންމަމަތިން ހަނދާންނުވަނީ ކީއްވެބާއޭ، ތިވަރު ކުރީ މަންމަ އާއި ބައްޕައެއްނޫންތަ، ލަންޑަން ކިޔަވަން ދިއުމުގެ ފުރުޞަތު ހޯދާދިން ބަޔަކީ ވެސް އެމީހުން، ސެލްފިޝް ވިޔަސް ތީ ބޮޑުވަރު، އަހަރެން ކުޑަކޮށް ވެސް އުންމީދެއް ނުކުރަން ދޮންބެ ތިހެން ވެދާނެކަމަކަށް، މިއަދު ދޮންބެއާ ހެދި މަންމަ ބިރުގަންނަނީ އަހަރެން ބޭރަށް ފޮނުވަން، ދޮންބެ ހިނގަމުން ދިޔަ މަގުން އަހަރެން ހިނގާފާނޭތީވެ މަންމަ އެ ހުންނަނީ ފޯރިއަށް، އަހަންނަށް އެނގޭ މަންމަ ނުބުނާނެކަން އެއްވެސް އެއްޗެއް، ބައްޕަ ވެސް އެންމެ ލޯބިވަނީ ދޮންބެދެކެ، އެކަމަކު އެންމެ ލޯބިވާ ދަރިފުޅު ކަންތައްކުރިގޮތުން އެ ބައްޕަގެ އަމިއްލަ ނަފުސަށް އޮތް އިތުބާރުގެއްލިފައި ވާ ކަހަލަ، ދޮންބައެއް މިއަދު އެ މައިންބަފައިންނަށް ވުރެން ޝެރީލްގެ މައިންބަފައިން މުހިންމު، އަހަރެން ހިތަށް އަރާ ކީއްކުރަންބާއޭ ދޮންބެ އަހަރެންގެ ކައިވެންޏަށް އައީ، މެހެމާނެއްހެން ފެނިލާފައި ގެއްލޭތަން މަންމަމެނަށް ދައްކަންތަ… އާން، މިއަދު ދޮންބެއެކޭ މިގެއަށް ވަދެލާ މެހެމާނެކޭ ތަފާތެއްނެތް، އަހަރުމެންގެ ޚިޔާލުތައް ދޮންބެއަކަށް ކަމަކު ނުދޭ… މަންމަގެ ހުންނަނީ މުސްކުޅި ވިސްނުން، އެއީ ކީއްވެ؟ ދޮންބެ އެދޭ ގޮތަށް އެމީހުން ރުހެން ބޭނުންނުވާތީ… އެކަމަކު އެމީހުން ދޮންބެއަށް އެއްވެސް ކަމެއް އުނިވިޔަ ނުދިން، އެކަން އެނގޭތަ… ދޮންބެ ބޭނުންވި ހުރިހާ ކަމެއް ދޮންބެއަށް ލިބިއްޖެ” ރުހައިލުގެ ވާހަކަތަކުން އިޒުވާނު ހިތްހަމަނުޖެހުން ނޫންކަމެއް ނުވިއެވެ.

“ރުހައިލު އަހަންނަށް ލެކްޗަރއެއް ދޭން ޖެހުނީ ކިހިނެއްވީ، އަހަރެން ރާއްޖޭން ބޭރަށް މަންމަމެން ފޮނުވީ މޮޅަށް ކިޔަވަން، އަހަރެން މިހިރީ މޮޅަށް ކިޔަވައިގެން، އެކަމަކު އެމީހުންނަކަށް ނޫން އެނގޭނީ އަހަރެންގެ ދިރިއުޅުން ބައްޓަން ކުރާނެގޮތެއް، އަހަރެން ވެސް މަސައްކަތް މިކުރަނީ ޢާއިލާއާ ގުޅުން ބޭއްވޭތޯ، އެހެންނޫންނަމަ ހުރި ހަމައެކަނި ކޮއްކޮގެ ކައިވެންޏަށް އަންނާކަށް ފުރުޞަތެއް ނުލިބުނީސް، އަހަރެންގެ އަމިއްލަ ކަންތައްތައް ވެސް ހުންނާނެ، އެކަންތައްތަކާ މައިންބަފައިންނެއްކަމަކު ނުބެހެވޭނެ، އަހަރެން އެމީހުން ބުނި ހުރިހާކަމެއް ކުރިން، ބަސްއަހައިގެން ރަނގަޅަށް މޮޅަށް ކިޔެވިން، އެމީހުން ނުރުހޭވަރުކަމެއް ނުކުރަން… އެކަމަކު ބުނަން، އަހަރެން އިންނާނެ މީހަކާ އަހަރެންގެ ދިރިއުޅުން ވޭތުކުރާނެގޮތެއް އެނގޭނީ އަހަންނަށް، އެކަމަށް ފާޑުކިޔަން އެމީހުންނަށް އެއްވެސް ހައްޤެއް ނޯންނާނެ، އެމީހުންނަށް ނެތްއިރު ރުހައިލަށް ވަކި އޮންނާނެތަ… މޫޑު ހަރާބުވާ ކަހަލަ ވާހަކަ ނުދައްކާ މިރޭ ފުރަން ތައްޔާރުވޭ، އަހަރެން އެކޮޅުގައި ރުހައިލުމެންނަށް ބޮޑު ޕާޓީއެއް އިންތިޒާރު ކޮށްފައިވާނެ، އުފާވެރިކަމުގައި ހަނީމޫނުގެ ދުވަސްތައް ހޭދަކުރުމަށް އެންމެ ފުރިހަމަ ތައްޔާރީތައް ކުރަމުން މިއަންނަނީ، މަންމަމެން ވެސް ތިބީ އުފަލުން، އެމީހުން ނުކުރާ ޝަކުވާއެއް ރުހައިލު ތިކުރަނީ ކޮން ބޭނުމަކު” އިޒުވާނުގެ ދެބުމަ ކައިރިވެފައި ހުއްޓެވެ.

“ޖަސްޓް ފޮގެޓް އިޓް…” ރުހައިލު މިހެން ބުނުމާއެކު އެ ކޮޓަރިން ނިކުތެވެ. ކުރެވުނީ ބޭކާރުކަމެއްކަން އިހުސާސް ކުރެވުނެވެ.

ހާމަފެންޑާގެ އުނދޯލީގައި ރުހައިލު ވިސްނަން އިނެވެ. ފަޒަލްގެ ވާހަކަތަކާމެދުއެވެ. އިޒުވާނުގެ ވާހަކަތައް ހުރި ގޮތާ މެދުއެވެ. އެ ހުރިހާ ކަމަކަށްވުރެ ބޮޑަށް އަރުފީނު އޭނާއާ ދުރަށްދާން މަސައްކަތްކުރާތީ އެކަމާއެވެ. އެ އެންމެން ވެސް ރުހައިލުގެ ހިތުގެ އިހުސާސްތަކަށް ހަދަންވީގޮތެއް ނުބުނެއެވެ. ޚުދު އޭނާއަށް ވެސް އެ އިހުސާސްތަކަށް ހަދަންވީގޮތެއް ނޭނގެއެވެ. ހިތުގައި ވަޅުޖެހުމަށް ދޫކޮށްލަން މިއަދު އޭނާއަށް މަޖުބޫރު ވެއްޖެއެވެ. ލޯބި ހޯދަން ފަހަތުން ދުވިޔަސް، އާދޭސް ކުރި ނަމަވެސް އެ ލޯތްބެއް ލިބޭކަށް ނެތެވެ. މައިންބަފައިންގެ އުންމީދުތަކާ ދެކޮޅަށް ތެދުވަން ނުކެރުނީތީ މިއަދު ރުހައިލު ހުރީ ވަކިވެވެން ނެތް ގުޅުމެއްގައި ބަނދެވިފައެވެ. ބޮލުގައި ހިފަހައްޓާލައިގެން އިރުކޮޅަކު އިނުމަށްފަހު ރުހައިލު އޭނާގެ ޖިންސުގެ ޖީބަށް ލީ ސިނގިރޭޓު ފޮށި ނެގިއެވެ. ދެ ސިނގިރޭޓު އެއިން ނަގާފައި އޮތެވެ. ގެއިން ނިކުމެގެން ގޮސް ރުހައިލު ކުރިމަކީ އެއީއެވެ. ސިނގިރޭޓެއް ނަގާ ތުނބުގައި ޖަހާލުމާއެކު ރޯކޮށްލިއެވެ. އެތެރެއަށް ދަމާލި ދިގު ނޭވާއާއެކު ސިނގިރޭޓުގެ ކޮޅު އަނދައިގެން ދިޔައެވެ. އަދި މަޑުމަޑުން ފަޒާގެ ތެރެއަށް ދުންތައް ދޫކޮށްލިއިރު ރުހައިލަށް ހީވީ އޭނާގެ ސިކުނޑީގައިވާ ބުރަކަމުން ބައެއް ދުންތަކާ އެކުވެގެން ނިކުމެގެން ދިޔަ ހެނެވެ. ހާމަފެންޑާގެ ރެއިލިންގައި އެއްއަތް އަޅުވާލައިގެން ސިނގިރޭޓު ބޮމުން ދިޔައެވެ.

ޝާރުދާގެ ކޮޓަރިން ނިކުން ނައިރާގެ އަތުގައި ހިމަދިގު މަހުމާ ފޮށްޓެއް އޮތެވެ. އުފާވެރި ހިނިތުންވުމަކާއެކު އޭނާ އަވަހަށް އައިސް ކޮޓަރިއަށް ވަދެ ރުހައިލަށް ގޮވާލިއެވެ. އެހެންނަމަވެސް ކޮޓަރިތެރެއިން ރުހައިލު ހިލަމެއް ނުވިއެވެ. މަޑުކުރުމެއްނެތި ފާޚާނާ ބަލާލުމަށްފަހު އެތަނުގައި ވެސް ރުހައިލު ނެތުމުން ކޮޓަރިން ނިކުމެގެން ހިނގައިގަތެވެ. ލިފްޓުން ތިރިއަށް ފޭބުމާއެކު ވަރުޝާ ފެނުނެވެ.

“ވަރުޝާ، ރުހައިލު ދުށިންތަ؟” ނައިރާ އަހާލިއެވެ. އެއާއެކު ވަރުޝާ ދެފަރާތަކަށް ބޯހޫރާލިއެވެ.

ނައިރާ ދުވެލާފައި ކާކޮޓަރިއަށް ވަނެވެ. ބަދިގެއަށް ވެސް ވަނެވެ. އަދި ބަގީޗާ ކައިރީގައި ހުރި މޭޒުތައް ވެސް އޭނާ ބެލިއެވެ. އެހެންނަމަވެސް ލޮލަކު ރުހައިލެއް އަޅައެއް ނުގަތެވެ. ޕޯޓިކޯގައި އިރުކޮޅަކު ނައިރާ މަޑުކޮށްލައިގެން ހުރުމަށްފަހު އައިސް ލިފްޓަށް އެރިއެވެ.

ހާމަފެންޑާއަށް ނިކުންނަން ހުރި ދޮރުން ނައިރާ ވަންއިރު ރެއިލިންގައި ހިފަހައްޓާލައިގެން ރުހައިލު ހުއްޓެވެ. ނިކަން ބޮޑަށް ހިނިތުންވެލެވުނު ނައިރާ ތިރީތުންފަތުގައި ދަތްއަޅާލައިގެން ދެ ޚިޔާލެއްގައި ހުރިހެން އިރުކޮޅަކު މަޑުކޮށްލިއެވެ. ނަމަވެސް ދުވެފައި ގޮސް ރުހައިލުގެ ފުރަގަހުން ބައްދާލިއިރު ހީވީ ދުރުގައި ހުންނަން ކެތްނުވެގެން އައިހެންނެވެ. ސިހިގެން ދިޔަ ރުހައިލު އޭނާގެ މޭގައި ދެފަރާތުން ގެނެސް ތަތްކޮށްލި އަތް ނައްޓުވާލިއެވެ.

“ރުހައިލު، ސިނގިރޭޓުބޮނީތަ؟” ރުހައިލުގެ އަނގައިން ނިކުމެގެން ދިޔަ ދުންތައް ނައިރާއަށް ފެނުނީ ދެނެވެ. އަނގައިން ނުބުނެ ރުހައިލު އަނެއްފަރާތަށް އެނބުރުނެވެ. އަދި އަތުގައި ހުލިވާން ކައިރިވެފައި އޮތް ސިނގިރޭޓު ނިވާލާފައި ދުރަށް އެއްލާލިއެވެ. ދެން ވެސް ރުހައިލު، ނައިރާއަށް ބަލައެއް ނުލިއެވެ. އަދި އަނގައިން ވެސް ނުބުންޏެވެ. ޤަބޫލުނުކުރެވިފައި ނައިރާ ހުރުމަށްފަހު އޭނާ ބެލީ އެ ދެމެދަށް ވެރިވެގެންދިޔަ ހިމޭންކަން ނެތިކޮށްލެވޭތޯއެވެ.

“މިއޮތީ ރުހައިލުގެ މަންމަ އަހަންނަށް ދިން ހަދިޔާއެއް” އެންމެ ފުރިހަމަ ޖޯޝާއެކު ނައިރާއަށް ވާހަކަދެއްކޭގޮތެއް ނުވިއެވެ. ކުއްލިއަކަށް އޭނާއަށް ރުހައިލުގެ ބީރައްޓެހިކަން އިހުސާސްވެގެން ދިޔައީއެވެ. ރުހައިލުގެ ހުރިހާކަމެއް އެނގޭ ކަމަށް ހީކުރެވުނީތީ އެކަމާ ނައިރާ ވިސްނަމުން ދިޔަ ކަހަލައެވެ.

“ރީތި…” ނައިރާގެ އަތުގައި ހުޅުވާފައި އޮތް ފޮށްޓަށް ބަލާލަމުން ރުހައިލު ބުނެލިއެވެ.

“އަހަރެންގެ ފައިގާ އަޅުވައިދީފާނަންތަ” ނައިރާ، ރުހައިލަށް ނަޒަރު ހުއްޓާލައިގެން ހުރެ ބުނެލިއެވެ. އެއާއެކު ފޮށީގައި އޮތް ދެ ކެވެލިކޮޅު ރުހައިލު ނެގިއެވެ. އަދި ކުޑަކޫ ޖަހާލުމާއެކު ނައިރާގެ ފައި ހިއްލާލާފައި ގެނެސް ކަކޫމަތީ ބަހައްޓާލާފައި ކެވެލިކޮޅު އަޅުވާލަ ދިނެވެ. ހަމައެގޮތަށް އަނެއްފައިގައި ވެސް ކެވެލިކޮޅު އަޅުވާލަދީފައި ރުހައިލު ތެދުވެގެން އައިސް އުނދޯލީގައި އިށީނެވެ. އޭނާގެ ހިމޭންކަން ނައިރާއަށް އުނދަގޫކުރަމުން ދިޔައެވެ. ހަޤީޤަތަކީ ކޮބައިގެން ނޭނގި ހުރެ ނައިރާ ވިސްނީ އޭނާއަށް ކަމެއް ކުރެވުނީ ކަމުގައެވެ.

“ރުހައިލު ބޭނުންނޫންކަމެއް އަހަރެން ކުރާކަށް ބޭނުމެއްނޫން، ލަންޑަނަށް ދާހިތްނުވަންޏާ އެހެންތަނަކަށް އަހަރުމެންނަށް ދެވިދާނެ، ރުހައިލު ބޭނުންވާގޮތެއް، ރުހައިލުގެ ކޮންމެ ނިންމުމަކާ އަހަރެން ރުހޭނަން، ދެން ތިހެން ނީނދޭ…” ނައިރާ އައިސް ރުހައިލުގެ ގާތުގައި އުނދޯލީގައި އިށީނެވެ. އަދި ރުހައިލުގެ އަތުގައި ދެއަތުން ހިފާލަމުން އޭނާގެ ކޮނޑުގައި ބޯއަޅާލިއެވެ.

“ލަންޑަނަށް ދާނީ، އެއީ ދޮންބެ ނައިރާއަށް ދޭން ބޭނުންވާ ޚާއްޞަ ހަދިޔާއެއް” ރުހައިލު ބުނެލިއެވެ.

“އަސްލުވެސްތަ” ނައިރާގެ މޫނު ކުއްލިއަކަށް ދިއްލިގެން ދިޔަ ކަހަލައެވެ. ރުހައިލު ބޯޖަހާލަމުން ގަދަކަމުން ތުންފަތަށް ހިނިތުންވުމެއް ގެނުވިއެވެ.

ފުރާގަޑި ޖެހެންވާއިރަށް ރުހައިލު ވެސް ތައްޔާރުވިއެވެ. އަނބިމީހާ ގޮވައިގެން ބޮޑުކޮޓަރިއަށް ނިކުމެވުނު އިރު އެތަނުގައި އެންމެން ތިއްބެވެ. މަލީކު އާއި ޝާރުދާ ހުރީ އިޒުވާނުއާ ވާހަކަދައްކާށެވެ. ފަޒަލްގެ ގާތުގައި ޝުޢައިބު ކޮންމެވެސް ވާހަކައެއް ދައްކައެވެ. މެހެނާޒުގެ ދެއަތުން އޭނާ މިލާންއަށް އޮޅުންފިލުވައިދޭން މަސައްކަތްކުރަނީ ކޮންއެއްޗެއް ކަމެއް ނޭނގެއެވެ. މައިންބަފައިންނަށް ރުހައިލުގެ ދެމަފިރިން ފެނުމާއެކު އެންމެން ވެސް އުޅެގަތީ ނައިރާއާ ވާހަކަދައްކަން ވެގެންނެވެ. ރުހައިލު މަޑުކޮށްލައިގެން އެއްފަރާތަށް ޖެހިލިތަނާހެން ޝާރުދާ އޭނާގެ އަތުގައި އައިސް ހިފިއެވެ.

“ދަރިފުޅު އެކޮޅަށް ގޮސް ބަލައިގެން އުޅެއްޗޭ، މަންމަގެ ނައިރާ ސަލާމަތުން މިކޮޅަށް ގެނެސްދޭންވާނެ” ޝާރުދާގެ ވާހަކައަޑުއިވިފައި އެންމެން ހޭންފެށިއެވެ. ނަމަވެސް ރުހައިލުގެ މޫނުމަތީގައި އެއްވެސް އަސަރެއް ފާޅެއްނުވެއެވެ.

“އުޅެބޮޑުވި ފަސްގަނޑާ ދުރަށް ދާއިރަށް، މައިންބަފައިން އޮޅި، އެމީހުން ދިން ތަރުބިއްޔަތު އޮޅޭ ވަރެއް އިރާދަކުރެއްވިއްޔާ އަޅުގަނޑަށްނުވާނެ” ރުހައިލު ލޮލުގެ އެއްކޮޅުން އިޒުވާނަށް ބަލާލިއެވެ. އޭނާ އެހެން ބުނެލީ ގަސްދުގައި އިޒުވާނާ ދިމާއަށްވީމައެވެ.

“މިކުއްޖާގެ ލާނެތްކަމެއް ނުފިލާނެ” ރުހައިލު ކޮށްލި ސަމާސާއެކޭ ހީވެ ޝާރުދާ ހޭންފެށިއެވެ. އަދި ފާރޫޤަށް ހުރިހާ ފޮށިތައް ނެރެ ކާރަށް އެރުވުމަށް ބުންޏެވެ. ކުދިންނާއެކު އެއަރޕޯޓާ ހަމައަށް މަލީކު އާއި ޝާރުދާގެ އިތުރުން ޝުޢައިބު އާއި މެހެނާޒު ވެސް ދިޔައެވެ.

“އެއްވެސް ކުއްޖަކުނެތީމަ ދެން ވަރަށް ފަޅުވާނެ ގޭތެރެ، އަޑެއްބަޑެއް ވެސް ނީވޭނެ…. ފޫހިވެގެން ހަލާކުވާވަރުވާނެ” ގެއަށް އައި މަގުމަތީ ކާރުގައި އިނދެފައި ޝާރުދާ ބުނެލިއެވެ.

“އަހަރެން ވެސް ހުންނާނެއެއްނު، ކުދިން ނެތީމަ އަހަރެންގެ މަތިން ވެސް ޝާރުދާ ހަނދާންނެތުނީތަ؟” ފަހަތު ސީޓުގައި ޝާރުދާގެ ގާތުގައި އިން މަލީކު ބުނެލިއެވެ.

“އެހެނެއްނޫން، މަލީކުގެ ގިނަ ވަގުތު ހޭދަވެގެންދާނީ އޮފީހުގައި….”  ޝާރުދާގެ ވާހަކަ ނުނިމެނީސް މަލީކު ވާހަކަދައްކަން ފެށިއެވެ.

“ކުދިން އަންނަންދެން އަހަރެންގެ ވަގުތުތައް ޝާރުދާއަށް ހުސްކޮށްދީފިން، ހިނގާ ޗުއްޓީ ހަދާލަން ކޮންމެވެސް ދިމާއަކަށް ދަމާ” މަލީކު މިހެން ބުނެ ޝާރުދާގެ އަތްތިލާގައި ހިފާލިއެވެ. ޒަމާންވީ ލޯތްބަށް އަދިވެސް ބަދަލެއް ނާންނާތީ ޝާރުދާގެ ހިތް އުފަލުން ފުރުނުކަން އޭނާގެ ތުންފަތުގައި ދުވެލި ހިނިތުންވުން ހެކިވިއެވެ.

“މަލީކު…” ލޯބިން ފުރިގެންވި ގޮތަކަށް ޝާރުދާ، މަލީކަށް ގޮވާލާފައި ކޮނޑުގައި ބޯއަޅާލިއެވެ. އެ ދެމަފިރިންގެ ވާހަކަތައް އަޑުއިވޭހާ ކައިރީ ޑްރައިވަރު ސީޓުގައި އިން ފާރޫޤުގެ ތުންފަތަށް ވެސް ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ.

* * * *

ނުވަސް ދަންނަ ނަންބަރަކުން އަރުފީނު ކުލާހުގައި އިންދާ ކޯލެއް އަންނަންފެށިއެވެ. ދެފަހަރަކު މަތިން ކޯލު ކަނޑާލުމުން ދެން ނުގުޅިއެވެ. އެކަމަކު އަރުފީނުގެ ކިޔެވުން ނިމޭގަނޑި އެމީހަކަށް އެނގުނީ ކަހަލައެވެ. އެންމެ ފަހު ކުލާސް ނިންމާފައި ނިކުންނަން ހިނގައިގަތްތަނާ އަނެއްކާ ވެސް ފޯނު ވައިބްރޭޓްވާން ފެށިއެވެ. ނަންބަރުގެ ދިގުކަމުން އެއީ ރާއްޖޭގެ ނަންބަރެއް ނޫންކަން އެނގުނެވެ. ކުލާހުން ނިކުތުމުގެ ބަދަލުގައި އަނެއްކާ ވެސް ގޮނޑީގައި އިށީނެވެ. އޭރު ހުރީހާ ކުދިން ނިކުމެ ކުލާސްތެރެ ހިމޭންވެއްޖެއެވެ.

“ހެލޯ…” އަރުފީނު ޖެހިލުންވެފައި އިނދެ ބުނެލިއެވެ.

“މީ ރުހައިލު…” ކުއްލިއަކަށް ރުހައިލު އަޑު ޖެހުމުން އަރުފީނު ފިނިވިއެވެ. ފޯނު ކަނޑާލެވުނީ ބޭއިޚްތިޔާރުގައެވެ. ރުހައިލުގެ ޚަބަރެއް ނުވެ ދެތިން ދުވަސް ހޭދަވެގެން ދިއުމުން އަރުފީނު ހީކޮށްގެން ހުރީ އޭނާ އަރުފީނުގެ މަތިން ފޫހިވީކަމުގައެވެ. އެހެންވެ ރުހައިލުގެ ކޯލަކަށް ވުމުން ޖެހިލުންވިވަރުން ވާހަކަނުދެއްކުނީއެވެ. އެހެންނަމަވެސް ރުހައިލު އަނެއްކާ ގުޅިއެވެ. މިފަހަރު ހިތްވަރުކޮށްފައި އަރުފީނު ފޯނު ކަންފަތާ ކައިރިކޮށްލިއެވެ.

“ވަރަށް ހަނދާންވެގެން މިގުޅާލީ، އަހަންނާ ވާހަކަދައްކާލަން މަޑުކޮށްލަ ފާނަންތަ… ޕްލީޒް” ރުހައިލުގެ އަޑުގައިވި ރިހުން އޭނާ އެހާ ދުރުގައި ހުރިއިރު ވެސް އަރުފީނަށް ނަގައިގަންނަން އުނދަގުލެއް ނުވިއެވެ.

“މީ ކޮންނަންބަރެއް، ރާއްޖޭން ބޭރުގައިތަ ތިހުރީ” އަރުފީނު އަހާލިއެވެ.

“އާން! ލަންޑަންގައި، އެކަމަކު މިތަނުގައި ކީއްތޯ ކުރަނީ ނާހާތި؟ އަހަރެން މިވަގުތު ބޭނުންވަނީ ހަމައެކަނި އަރުފީނުގެ އަޑުއަހާލަން، އަރުފީން، ކީއްވެތަ މިހެންމިވީ… އަހަރެންގެ ސަބަބުންތަ؟ އަހަރެންގެ ފިނޑިކަމުންތަ؟ މަންމަމެންނާ ދެކޮޅަށް އަހަރެން ނުތެދުވީމަތަ؟ ވިސްނާވިސްނާ ވަރުބަލިވެއްޖެ… ހިތްނޭދޭ އެތައްކަމެއް ކުރަން މަޖުބޫރުވުމުން ހީވަނީ އެތައްމަރަކުން އަހަރެން މަރުވަމުންދާހެން….” ރުހައިލު ރޯކަން އޭނާގެ އަޑުން އަރުފީނަށް އެނގުނެވެ.

“ކެތްތެރިވޭ ރުހައިލު، ދުވަސްކޮޅަކުން ހުރިހާކަމެއް ބަދަލުވެދާނެ… ދުނިޔެއަކީ އަބަދު އެއްގޮތަކަށް އޮންނަތަނެއްނޫން، ހީވެސް ނުކުރާ ފަދަ ގޮތަކަށް ކަންކަން ބަދަލުވެގެން ހިނގައިދާނެ، ތިޚިޔާލުތަކާ ދުރުވާން މަސައްކަތްކުރޭ، އެހެންމީހެއްގެ ނަޒަރުން ލޯބި ދެނެގަންނަން މަސައްކަތްކުރޭ، އޭރުން އަނެއްކާ ވެސް ހިތުގައި އާލޯތްބަކަށް ފުރުޞަތުދެވިދާނެ، މޮޔައެއް އުޅޭހެން ނޫޅެ ނިކަން ސިކުނޑިއަށް ބާރުލާބަލަ، އެސިކުނޑި ވިސްނައިދޭނެ ރަނގަޅުގޮތް، ހިތަކީ އަމިއްލަ އެދުން ބޮޑުއެއްޗެއް… ބަލިވިޔަސް، ބަލިވެއްޖެކަމުގައި ޤަބޫލުކުރާކަށް ބޭނުމެއްނުވާނެ، އެހެންވެ ސިކުނޑިއާއި ހިތާ އަރައިރުންވާން ޖެހެނީ” އަރުފީނު ބުނެލިއެވެ.

“އެއްފަހަރު ވެސް އަރުފީނު އަހަރެންދެކެ ލޯތްބެއްނުވޭތަ” ރުހައިލު އަހާލިއެވެ.

“ތި ސުވާލު ކުރުން ހުއްޓާލާ، ރުހައިލާއި އަރުފީނަކީ ދުވަހަކު ވެސް ގުޅޭނޭ ދެ ނަމެއްނޫން، އެކަން ރުހައިލު ޤަބޫލުކުރަންވެއްޖެ، އެއީ ނުވާނެކަމެއްކަން ރުހައިލަށް ވިސްނައިދީ ދީ އަހަރެން މިހާރު ގޮތްހުސްވެއްޖެ” އަރުފީނު ބުނެލިއެވެ. އަދި އެ ދެމެދަށް ހިމޭންކަމުގެ ވަގުތުކޮޅެއް އައެވެ.

“ކީއްވެ އެއްޗެއް ނުބުނީ، އަހަރެން އެބަ އަޑުއަހަމޭ އަރުފީނުދައްކާ ވާހަކަ” ރުހައިލު ބުނެލިއެވެ.

“ނައިރާއާ ހަމައަށް މިވާހަކަތައް ދާކަށް އަހަރެން ދުވަހަކު ވެސް ބޭނުމެއްނޫން، ރުހައިލަށް އޭނާގެ އެއްވެސް ސިފައެއް ފާހަގަނުކުރެވުނަސް އަހަންނަށް އޭނާ ކަމުދޭ، އެ ހިތްހެޔޮކަމާއި ހިނިތުންވުން ގެއްލިދާނޭތީ އަހަރެން ބިރުގަނޭ، ނައިރާގެ ލޮލުން ރުހައިލަށްޓަކާ ލޯބި ދުށިން، އޭނާއަށް ރުހައިލުގެ ތިހިތް އެނގޭ ދުވަހަކުން ވާނޭގޮތް ވެސް ހިތަށް އަރުވާލަން ނޭނގޭ، އެފަދަ ބޮޑު އަނިޔާއެއް އެއަންހެންކުއްޖާއަށް ދޭކަށް ނުވާނެ، އަހަރެން ކިތަންމެ ވާހަކައެއް ދެއްކިޔަސް ރުހައިލު އަޑެއް ނާހާނެ” އަރުފީނު ގޮސްހުސްވެފައިވާ މީހަކު ހެން ބުނެލިއެވެ.

ކުލާސްރޫމުތެރޭގައި އެތައް އިރަކު ވާހަކަދައްކަން އިނދެފައި އަރުފީނު ފޯނު ކަންފަތާ ދުރުކޮށްލީ ފޯނުކޯލު ނިންމާލާފައެވެ. ރުހައިލުގެ އަޑުޖެހުމުން ހިތްހަމަޖެހުމެއް ލިބުމާއެކު ހިތަށް ތަދުވެސްވިއެވެ. ސިކުނޑީގައި ނައިރާގެ ޚިޔާލު އެނބުރެންފެށުމުން އަރުފީނު ވަކިން ދެރަވިއެވެ.

ގެއަށް އައިސް އަރުފީނު ވަންއިރު އުނައިސް ބޮޑުކޮޓަރި ސޯފާގައި އޮތެވެ. އަރުފީނަށް އޭނާ ވަރަށް ރަނގަޅަށް ބަލާލިއެވެ. އެކަން އަރުފީނަށް އެނގުނެއް ކަމަކު ފަރުވާލެއް ނެތި ސިޑިން އަރައިގެން އައިސް އޭނާގެ ކޮޓަރިއަށް ވަނެވެ. ގޭތެރޭގައި މީހަކު އުޅޭކަމުގެ ހިލެއް ނުވިއެވެ. ތާޒާވެލައިގެން ކޮޓަރިން ނިކުމެގެން އައިސް ބިދަގެފަރާތާއި ތަންތަން ބަލާލުމުން ވެސް މީހަކު ފެންނަގޮތެއް ނުވިއެވެ. އޭރު ވެސް ސޯފާގައި އުނައިޒު އޮތްތައް ފެނުނެވެ. އޭނާ ކައިރީ އަހާލަން ހިތަށް އަރާފައި ވެސް އަރުފީނު އެނބުރި ބަދިގެ ފަރާތަށް ވަދެ ކާންތައްޔާރުވެލިއެވެ. ޖޫސްތަށި ހަދައިގެން އައިސް މޭޒު ދޮށުގައި އިށީނދެ ރަނގަޅަށް ކާން ނުފެށެނީސް އުނައިސް އައިސް ބަދިގެއަށްވަނެވެ. އައިސް އަލަމާރިން ފެންފުޅިއެއް ނަގާ އަނގައަށް އޮއްސާލަމުން ފެންކޯވަރެއް ބޯލާފައި ފުޅި ހިފައިގެން އައިސް މޭޒު ދޮށުގައި އިށީނެވެ. އަރުފީނު އަޅާނުލާ ކާންފެށިއެވެ.

“ކާކުތަ އެއީ؟” ކުއްލިއަކަށް އުނައިސް އަހާލިއެވެ. އެއާއެކު ހައިރާންވެފައި އަރުފީނަށް ބަލާލެވުނެވެ.

“ތިހިތަށް ކޮންމެވެސް މީހަކު އަނިޔާއެއްދީފި” އިރުކޮޅަކު އިނދެފައި އަނެއްކާ ވެސް އުނައިސް ވާހަކަދައްކަންފެށިއެވެ.

“ތިކިޔާ އެއްޗެއް ނޭނގޭ” އަރުފީނު ބުނެލިއެވެ.

“ލޯތްބަކީ އޮޅުވާލުމެއްނޫން، ލޯބިވުމުން ބޭނުންނުވިޔަސް އެކަން ފެންނާނެ، އެނގޭނެ… އަރުފީނުގެ ކޮންމެ ހަރަކާތަކުން އަހަންނަށް ބުނެދެނީ އެއްވާހަކައެއް، އެކަމަކު ވެސް ދޮގުހަދަން ބޭނުންވާނަމަ ދޮގުހެދިޔަސް މައްސަލައެއްނެތް” އުނައިސް ކުޑަކޮށް ހީނލިއެވެ. އަރުފީނު އޭނާއަށް ބަލަން އިނދެފައި ހިނިތުންވެލިއެވެ.

“ތީ ލަވް ގުރޫއެއްތަ، ތިހާވަރަށް ލޯބީގެ ކަންކަން އެނގެން” އުނައިސްގެ ވާހަކަތައް ސީރިއަސްކޮށް ނަގާކަށް އަރުފީނު ބޭނުމެއްނުވިއެވެ.

“ސިސްއަށް ފެންނަގޮތެއް، ތިހެން ހީކޮށްލިޔަސް އެންމެ ރަނގަޅު” އުނައިސް ބުނެލި އެއްޗަކުން އަރުފީނުގެ ސަމާލުކަން ހޯދިއެވެ.

“ސިސް….” ޔަޤީން ނުވެފައި އިނދެ އަރުފީނު ބުނެލިއެވެ.

“ސިސް ކީމަ ކަމުނުދިޔައީތަ؟ މިގޭ އެންމެ ދޮށީކުއްޖަކީ އަހަރެން، ބައްޕަ ބުނުއްވާފައި އޮތީ ދައްތަގެ ކުދިންނަކީ ވެސް ޢާއިލާކުދިން ކަމުގައި ދުށުމަށް، އެހެންވީމަ އަރުފީ ވާނީ އަހަރެންގެ ބޭބީސިސްއަކައްނު” އުނައިސް މިހެން ބުނެ ހީނލިއެވެ.

“ބޭބީސިސްއޭ… އަހަރެންމީ ބޭބީއެއްނޫން، ސިސްއެކަނި ކިޔަސް އޯކޭ، އެކަމަކު ބޭބީ ކިޔައިގެން ނުވާނެ” އަނގަޔަށް ގޮތެއް ހަދާލުމާއެކު އަރުފީނު ބުނެލިއެވެ.

“އޯކޭ، އޯކޭ… އެކަމަކު މިހާރު ތި ވާހަކަ އޮޅުވާލަނީ” އުނައިސް ބުނެލިއެވެ.

“ކޮންވާހަކައެއް؟” އަރުފީނު ނޭނގޭ ކަމަށް ހެދުމަށްފަހު އުނައިސްއާ ނަޒަރު ވަކިކޮށްލިއެވެ.

“ސިސް މިގެއަށް ފުރަތަމަ އައި ދުވަހު ހުރީ ވަރަށް އުފަލުންކަން އެނގޭ، އެކަމަކު މިފަހަރު އައި އިރު ހީވަނީ މުޅިން އެހެން މީހެއްހެން، ސަބަބަކާނުލާ އެހާ ބޮޑު ބަދަލެއް އެކަކަށް ވެސް ނާންނާނެ، ޔަޤީނުން ވެސް ތީ ކުރީގެ އަރުފީއެއްނޫން، ކުޑަދުވަސްކޮޅަކަށް މިގެއަށް އައިސް ވެސް މުޅިގެ ހަލަބޮލިކޮށްލި ކުއްޖެއްތީ، އެކަހަލަ އެއްވެސްކަމެއް މިފަހަރުނެތް، އަބަދު މާޔޫސްވެފައި ހުންނަތަން ފެންނަނީ، މީހަކާ ވާހަކަދައްކަން ޖެހިދާނޭތީ ވެސް އުޅެނީ ދުރުދުރުން، އެކަނި ހުންނަތަން ވަރަށް ގިނައިން ފެނޭ، އާންމުކޮށް ޓެރެސްއަރާ އެތައްއިރަކު ކަމަކަށް ގެއްލިފައި ހުންނަކަން ވެސް ފާހަގަވޭ… އެހެންވެ މިއަހަނީ އެއީ ކާކުހޭ، އެމީހެއްގެ ސަބަބުން އަރުފީ ޔުނިވަރސިޓީ ނިންމާފައި އެކަނި ގެއަށް އަންނަން ނުކެރިގެން އުޅުނީ، ސޮފޫރާ ހާސްވެފައި ހުރި ވަރުން އަހަންނަށް އެނގޭ ކަމެއް އެބަ ހިނގާކަން” އުނައިސްގެ އަޑުގައި ހުރި ސީރިއަސްކަން އޭނާއަށް ނުބަލަން އިން އަރުފީނަށް ނަގައިގަނެވުނެވެ.

“ހުރިހާކަމެއް އެނގިގެން ކުރެވޭނީ ކޮންކަމެއް، ބައެއްކަންތައްތަކަކީ އެނގުމަށްވުރެ ނޭނގުން ރަނގަޅު ކަންތައްތައް… މާޒީވާ ކޮންމެ ދުވަހަކެއްގެ ވާހަކަތައް އަހަރުމެން ދައްކަންވެއްޖެއްޔާ، މުސްތަޤުބަލާމެދު ކުރާ އުންމީދޫތަކަށް ފުރުޞަތުދޭނީ ކޮންވަގުތަކު” އަރުފީނު ބުނެލިއެވެ.

“ލޯތްބަކީ އިންސާނާ ވަރަށް އަވަހަށް ބަދަލުކޮށްލާ އެއްޗެއް، އަރުފީގެ ވާހަކަތަކުން އަހަންނަށް ޔަޤީންވޭ ހަޔާތުގައި ލޯތްބޭ މިކިޔާ އިހުސާސް ތި ހިތުގައި ވެސް އުފެދިއްޖެކަން، އެހެންނޫނީ ތިޝާއިރީ ބަސްތައް ތިޔަހެން އަތުރާލަން އެނގޭނީ ކިހިނެއް… މާޒީއާ މުސްތަގުބަލާ، އުންމީތަކުގެ ވާހަކަތައް ތިޔާ އަސަރުހުރިގޮތަކަށް އަތުރާލާނީ ކިހިނެއް” އުނައިސްގެ އަޑުގައި ސަމާސާގޮތެއް އެކުލެވިގެން ދިޔައެވެ. އަރުފީނު އެއްވެސް އެއްޗެއް ނުބުނެ ކައިނިމިގެން ތަށިތައް ދޮންނަން ސިންކާ ކައިރިވެލިއެވެ. އުނައިސް އޭނާއަށް ބަލަހައްޓައިގެން އިނދެ ފެންފުޅި އަނގައަށް އަރިކޮށްލަމުން ފެންކޯވަރެއް ބޯލިއެވެ. އަދި އަރުފީނު ބަދިގެފަރާތުން ނިކުންނަން އުޅެން ފެށުމުން އުނައިސް ވެސް ފެންފުޅި އައިސްއަލަމާރިއަށް ލާފައި އަރުފީނުގެ ފަހަތުން ނިކުތެވެ.

ބޮޑުކޮޓަރިއަށް ދެ ޒުވާނުން އެކުގައި ނިކުންއިރު އާތިޤާ އާއި އުޒައިރު ގޭތެރެއަށް ވަންނަނީއެވެ. އާތިޤާއަށް އަރުފީނު ފެނުމާއެކު ކައިފިންތޯ އަހާލިއެވެ. ހަމައެއާއެކު ތަޅުންމަތީ އުޒައިރު ފޮތްދަބަސް ބެހެއްޓިތަން ފެނި އެކަމާ އަޑުލައިގަތެވެ. އަރުފީންގެ ހަނދާނަށް ރަށުގައި އާތިޤާއާއެކު އުޅުނު ދުވަސްތައް މަތިން ހަނދާންވެގެން ދިޔަ ކަމަކަށް އެކަންވިއެވެ.

“ސޮފޫރާ އައިސްފިތަ؟” އާތިޤާ އައިސް އުޒައިރުގެ ފޮތްދަބަސް ނަގަމުން އަހާލިއެވެ.

“އަޅުގަނޑު ގެއަށް އައިއިރު ވެސް ސޮފޫދައްތައެއް ނޫޅޭ” އަރުފީނު ބުނެލިއެވެ.

“އޭނާ ވެސް މިހާރު މާގިނައެއްކޮށް ބޭރަށް އެ ދަނީ” އާތިޤާ މިހެން ބުނެފައި ހިނގައިގަތީ އެތެރެއަށެވެ. އަރުފީނާއި އުނައިސް އެކަކު އަނެކަކަށް ބަލާލާފައި ކުޑަކޮށް ހިނިތުންވެލިއެވެ.

* * * *

“މިކަން ވެސް މި ނިމުނީނު، ހިނގާދާން، އިރުވެސް އޮއްސިއްޖެ… މަންމަ މިއަދު ވަރަށް ސުވާލުކުރި، ހިތަށް މިއަރަނީ މަންމަ ގާތު ބުނަން، ނުބުނެ ހުރެ މިގުޅުން ކުރިއަށް ގެންދިއުމަށްވުރެ އެމީހުންގެ ރުހުން ލިބެން ވަރަށް ބޮޑަށް ބޭނުން” ޝާންއާއެކު އޭނާގެ ކުލިނިކުގައި ކަރުދާސްތަކެއް ތަރުތީބުކުރަން އިން ސޮފޫރާ ބުނެލިއެވެ.

“ލުތުފީބެއަށް ހުރިހާކަމެއް އެނގުނީމަ ބުނާނެ އެއްޗަކާމެދު ވަރަށް ވިސްނޭ، އަހަރެން ވެސް ބޭނުންވަނީ ދެފަރާތުގެ މައިންބަފައިންނަށް މިކަން އެނގެން، އަދި އެބައޮތް އެއްކަންތައް” ޝާން ފައިލްތަކެއް ގެންގޮސް ފޮތްއަލަމާރިތެރެއަށް ލަމުން ބުނެލިއެވެ.

“ކޮންކަމެއް” ޝާން ހިނިތުންވެލައިގެން ހުރިގޮތުން ސޮފޫރާ އެހެން އަހާނޭކަން އެނގޭ ކަހަލައެވެ.

(ނުނިމޭ)

Leave a Comment

Your email address will not be published. Required fields are marked *