އެޕާޓްމެންޓުގެ ދޮރުގެ ތަޅަށް، ތަޅުދަނޑި ޖަހަން އުޅުނު ޢިޒްވާގެ އަތް ތުރުތުރު ލަމުން ދިޔައެވެ. އެތަން ފެނި އަވަސް އަވަހަށް ސަމަރު، ޢިޒްވާގެ އަތުން ތަޅުދަނޑިފަތި އަތުލައި ދޮރުހުޅުވާލަދިނެވެ. ޢިޒްވާ އާއި ސަމަރުގެ އިތުރުން އެއެޕާޓްމެންޓަށް ނަވާލުގެ ދެމަފިރިންނާއި ޝަދަފާއި ހާމިޒު ވެސް ވަނެވެ. ޢިޒްވާގެ މިލާ މޯޅިވެފައިވާ މޫނު ފެންނަ ކޮންމެ ފަހަރަކު ޝަދަފުގެ ހިތަށް ތަދުވެއެވެ. އެހިތާމަވެރިކަމަށް ލުޔެއް ގެނެސްދޭން ޝަދަފު ބޭނުވިނަމަވެސް ސިކުނޑިއަށް މިވަގުތު އެކައްޗެއް ވެސް ނާދެއެވެ. ސޯފާގައި މޫނާ އާއިއެކު ޢިޒްވާ އިށީނދެލައިގެން އިންއިރު ސަމަރު އަވަސްވެގަތީ ޢިޒްވާއަށް ފެންތަށްޓެއް ގެނެސްދިނުމަށެވެ. އެއްފަރާތެއްގައި ހުރިހާ ފިރިހެން ވެރިން މަޑުކޮށްލައިގެން ތިބިއިރު ފުރަތަމަ ވާހަކަދެއްކީ ނަވާލެވެ.
“ޢިޒޫއާ އޭނާގެ މަންމަ އެކަނިތަ މިތަނުގައި އުޅުނީ، އެހެންވެއްޖެއްޔާ އިޒޫ އެކަނިކޮށްލުމަކީ ބުއްދިވެރިކަމެއްކަމުގައި އެއްގޮތަކަށް ވެސް ނުފެނޭ” ނަވާލު ޝަދަފަށާއި ހާމިޒުއަށް ބަލާލާފައި ބުންޏެވެ.
“ހާމިޒުބޭ ހުންނާނީ މިގޭގައި ދޯ” ޝަދަފު، ހާމިޒުއަށް ބަލާލީ އެއީ ޢިޒްވާގެ ޢާއިލާގެ މިވަގުތު އޭނާއަށް އަޅާލާންހުރި ހަމައެކަނި ބަލަދުވެރިޔާ ކަމަށްވީތީއެވެ.
“އަހަންނަށްވުރެ ރަނގަޅުވާނީ އަންހެންކުއްޖަކު ޢިޒްވާ ގާތު މަޑުކޮށްލިއްޔާ ކަންނޭނގެ، މިގޭގައި އިތުރު މީހަކަށް ނިދޭނެ ގޮތެއް ނުހުންނާނެ، އޭގެ ދެމައިން ނިދާ އުޅުނީ ތިހިރަ ކޮޓަރީގައި ހުރި ބޮޑު އެނދުގައި” ހާމިޒު ކޮޓަރިއަށް އިޝާރާތްކޮށްލަމުން ބުންޏެވެ. އެއާއިއެކު ޝަދަފާއި ނަވާލު އެކަކު އަނެކަކާ ނަޒަރު ބަދަލުކޮށްލީ ހާމިޒު އެބުނަނީ ތެދެއްކަމުގައި ޤަބޫލުކުރާކަން އަންގާލުމުގެ ގޮތުންނެވެ.
“އަހަރެން ސަމަރް އާއި ވާހަކަދައްކާނަން، އެއީ އިޒޫގެ ބެސްޓް ފްރެންޑް، އޭނާ މަޑުކޮށްދޭނެ އިޒޫ ގާތު” ޝަދަފު ބުންޏެވެ.
ހަވީރުގެ ވަގުތެވެ. އަސްމަހާނު ހަލުވިކަމާއިއެކު ބީހައިވްލޮޖްގެ ގޭޓުން ވަދެގެން އައިގޮތަށް އައިސް މަޑުކޮށްލީ މަސްފެންގަނޑު ކައިރީ ހުރީ ގޮނޑީގައި އެއްފައިމައްޗަށް އަނެއްފައި އެއްލައިގެން ފޮތެއްކިޔަން އިން ޒަބާގެ ގާތުގައެވެ.
“އޭތް! ތިއައީތަ، ކޮބާ ކިހިނެއްވަނީ” ޒަބާ އަވަސް އަވަހަށް މޫނާއި ފޮތްކިޔާ އައިނު ދުރުކޮށްލުމާއިއެކު އަތުގައި އޮތް ވާހަކަފޮތް ވެސް ލައްޕާލައިފިއެވެ.
“މިވަގުތު އެއްޗެއް ބުނާކަށް ނޭނގެ، ޝަދަފު އަދިވެސްވީ އެގޭގައި، ބޭނުމެއްނޫން އެންމެ ހިނދުކޮޅަކު ވެސް އެގޭގައި އެކުއްޖާ ބަހައްޓާކަށް، އެކަމަކު މިކަހަލަ ދަނޑިވަޅެއްގައި ބުނާނީ ވެސް ވަކި ކީކޭ، ޝަދަފު ނުރުހިދާނޭތީވެ އެއްޗެއް ބުނާކަށް އަހަރެން ބޭނުމެއްނޫން” ކަންބޮޑުވެފައި ހުރި އަސްމަހާނު ޒަބާގެ ކައިރީ ހުރި ގޮނޑީގައި އިށީންނަމުން ބުންޏެވެ.
“ޑިފީއަށް ހުރިހާ ކަމެއް އަންގާނެކަމެއްނެތް، އަހަރެން ބުނާނީ މީ އަހަރުމެން ބޭނުންވާގޮތަށް ހުރިހާ ކަމެއް އަނބުރާލެވޭނޭ ވަގުތޭ، އަސްމާ، އެއްގޮތަކަށް ވެސް ލަހެއްފަހެއް ކުރާނެކަމެއްނެތް، އަހަރުމެން އެގެއަށް ދާންވީ، ގޮސް އެއަންހެންކުއްޖާ އާއި ބައްދަލު ކުރަންވީ، އޭނާގެ އެކަކު ވެސް ނެތޭ ޑިފީ އެބުނަނީ، އެހެންވެއްޖެއްޔާ އެއަންހެންކުއްޖާއަށް އުޅެވޭނޭ ގޮތެއް އަހަރުމެންނަށް ހޯދައިދެވިދާނެ އެންނު، އެކަމަކު ޑިފީގެ ދިރިއުޅުމުން ދުރަށްދާމަތިން، އަސްމާއަށް ކެރެނޭތަ އެވަރަށް ޚަރަދުކުރަން” ޒަބާ ވަރަށް ވިސްނާލާފައި ބުންޏެވެ.
“އާން! ކެރޭނެ! މިލިއަނުން ދީގެންވިޔަސް ޑިފީގެ ދިރިއުޅުމުން އެއަންހެނާ ބޭރުކޮށް ފައްސާލަން ބޭނުން، ޒަބާ ބުނި ކޮންމެގޮތަކަށް ކަންތައްކުރަން އަހަރެން މިހިރީ ތައްޔާރަށް، އެކަމަކު ބުނަން، މިޕްލޭން ކާމިޔާބުވާންޖެހޭނެ” އަސްމަހާނު ޔަޤީންކަން ބޭނުންވިއެވެ. އެޔަޤީންކަން ޒަބާގެ ވާހަކައިން އަސްމަހާނަށް ލިބުނެވެ. އޭނާ ހުރިހާކަމެއް ރާވައި އަސްމަހާނު ކަންތައްކުރަންވީގޮތް އަސްމަހާނަށް ކިޔައިދިނެވެ. މިއިން އެއްވެސް ކަމެއްގެ ހިލަމެއް އިތުރު އެއްވެސް މީހަކަށް ނުވެއެވެ.
* * * *
ހަމަހިމޭންކަމުގެތެރެއިން އިވެމުންދިޔަ މަޑުގިސްލުމުގެ އަޑުން ސަމަރަށް ހޭލެވުނެވެ. ހާސްވެފައި ފުންމައިގެން ތެދުވުމާއިއެކު ސޯފާގައި އޮށޯވެލައިގެން އޮތް ޢިޒްވާގެ ގާތަށް ޖެހިލިއެވެ. ފަރުޝާގެ ހަނދާންތައް އޭނާއަށް އުނދަގޫކުރާތީވެ ކޮޓަރިއަށް ވަންނަން ޢިޒްވާ ބޭނުމެއްނުވިއެވެ. އެހެންވެ ސަމަރް އާއި ޢިޒްވާ ނިދުމުގެ އިންތިޒާމު ހަމަޖެއްސީ ސިޓިންރޫމުތެރޭގައެވެ. މުޅި ރޭ ހޭދަވެގެންދިޔައީ އެފަދަ ގޮތަކަށެވެ. ޢިޒްވާ ރޯއަޑުނޫން އަޑެއް ނީވެއެވެ. ދޭތެރެއަކުން އެއަޑުމަޑުވެ ގަދަވެއެވެ. ސަމަރްއަށް ނުނިދުނުކަމުގައި ވިޔަސް އޭނާ އެކަމުގެ ޝަކުވާއެއްނުކުރެއެވެ. އެންމެ ގާތް އެކުވެރިޔާގެ ހިތާމައިގައި އޭނާއަށް ބައިވެރިވެވެންއޮތް ގޮތަކުންވިއްޔާ ބައިވެރިވިއެވެ.
ހެނދުނު އެރި އިރާއިއެކު ޝަދަފު އެއެޕާޓްމެންޓަށް އައެވެ. އޭނާއަށް ސޯފާގައި ދެލޯމަރާލައިގެން އޮތް ޢިޒްވާ ފެނި ހިތަށްލިބުނު ހިތްހަމަޖެހުމަށްވުރެ ކުރިއަސަރު ބޮޑުވިއެވެ. ވަގުތުން ކޮފީތަށިހިފައިގެން ކާމޭޒުކައިރީ ހުރި ގޮނޑީގައި އިށީނދެގެން އިން ސަމަރްއަށް ޝަދަފު ބަލާލިއެވެ. އެއާއިއެކު ސަމަރް ތުންފަތުގައި ޝަހާދަތް އިނގިލި ޖައްސާލުމާއިއެކު އަތުން އިޝާރާތްކޮށްލީ މޭޒުގެ އަނެއްފަރާތުގައި ހުރި ގޮނޑިއަށެވެ.
“ހަމަދެންމެއަކު އެލޯމަރާލީ، ރޭހަތަރުދަމު ރުއިން ނޫންކަމެއް އިޒޫ ނުކުރޭ، އަހަންނަކަށް ނޭނގޭ އިޒޫއަށް ހެލްޕްވާނީ ކިހިނެއްކަމެއް، ޝަދަފު ކޮންމެވެސް ކަމެއްކުރަންވީނު، އިޒޫ ރޭގައި އެއްވެސް އެއްޗެއް ނުކައި، އެހެންއުޅެނިކޮށް މާބޮޑަށް ވަރުދެރަވެދާނެ، އަނެއްކާ އިޒޫގެ ބޭބެއޭ އެކިޔާ މީހަކީ ކޮންކަހަލަ މީހެއްތަ، އޭނާ ދިޔަގޮތަށް ދައްކާނުލާ، މިވަގުތު ޢާއިލާ މީހުންގެ އެހީތެރިކަން ވެސް ބޭނުންވާނެ އެންނު” ސަމަރު އިނީ ޢިޒްވާއާ މެދު ވަރަށް ކަންބޮޑުވެފައިކަން ޝަދަފަށް އެނގުނެވެ.
“ފެމެލީ ވިޔަސް އެހާ ކުލޯސް އެއްނޫން އެމީހުން، އެނީވޭސް އަހަރުމެން މިތިބީނު އިޒޫއާއެކު، އެހާފަސޭހައިން އިޒޫގެ ހިތާތަކަށް ލުޔެއްގެނެސް ނުދެވޭނެ، އެކަމަކު އިޒޫ ހަމައަކަށް އެޅެންދެން އޭނާއަށް ވަގުތުދެވިދާނެ އެންނު” ޝަދަފު ފުންނޭވާއެއްލާފައި ބުންޏެވެ. ސަމަރް އެއްބަސްވުމުގެ ގޮތުން ބޯޖަހާލިއެވެ.
“ވާހަކައެއް ބުނަންތަ؟” ދެއަތުން ކޮފީޖޯޑުގައި ހިފަހައްޓާލައިގެން އިރުކޮޅުއިނުމަށްފަހު ސަމަރު، ޝަދަފަށް ބަލާލަމުން ބުންޏެވެ.
“ހޫމް!” ސޯފާގައި އޮތް ޢިޒްވާއަށް ހުއްޓިފައި ހުރި ނަޒަރު ސަމަރްއަށް އަމާޒުކޮށްލަމުން ޝަދަފު ބުންޏެވެ.
“ޝަދަފު، އިޒޫއާ މެރީކުރަން ބޭނުންވަންޏާ އަހަންނަށް ފެންނަނީ އެކަން އަވަސްކުރަން، އޭރުން ހީވޭ އިޒޫ ހަމައަކަށް އެޅިދާނެހެން، އޭރުން އިޒޫ އެކަންޏެއް ވެސް ނުވާނެ އެންނު، އަހަންނަށް ހީވަނީ ގާތްރަޙުމަތްތެރިއަކަށްވުރެ ހަޔާތުގެ ބައިވެރިއަކު އިޒޫއަށް މުހިންމުހެން، އިޒޫގެ މަންމަ ނިޔާވީމަ، އިޒޫ ދެން ވަރަށް އެކަނިވާނެ، އަހަންނަށްވެސް އަބަދު އިޒޫ ގާތުގައި ނުހުރެވޭނެ” ސަމަރް ކޮފީ ޖޯޑު މޭޒުމަތީ ބަހައްޓާލިއެވެ.
“ތިހެން ހިތަށްއަރާ، އެކަމަކު މިކަހަލަ ވަގުތެއްގައި ކައިވެނީގެ ވާހަކަދެއްކުމުން އިޒޫ ހިތަށްއަރާފާނެ އެއްޗަކާއިމެދު ވިސްނާލެވެނީ، އަހަރެން ހުރީ އިޒޫގެ މަންމަ ގޮވައިގެން ބޭރަށް ގޮސްފައި މާލެ އަންނަހާ އަވަހަކަށް ކައިވެނި ކުރަން، ކިހިނެއް އެނގެނީ މިހެންކަންތައް ދިމާވެދާނެކަމެއް” ޝަދަފު ބުންޏެވެ.
“އަހަރެން އިޒޫއާ ތިވާހަކަދައްކާނަން، ޝަދަފު ކައިވެނީގެ ކަންތައްތައް ހަމަޖައްސާ، އިޒޫގެ ބޭބެ މާލޭގައި ހުއްޓާ ތިކަން ނިންމާލަން ފެންނަނީ” ސަމަރުގެ ބުނި ރާގުން އެއީ އޭނާ ބޭނުންވާގޮތްކަން ޝަދަފަށް ވަރަށް ރަނގަޅަށް އެނގިގެންދިޔައެވެ.
މެންދުރު ހާމިޒު އައީ ޢިޒްވާގެ ހާލު ބަލާށެވެ. އޭނާ ޢިޒްވާއަށް ހިތްވަރު ލާދެމުން ދިޔައެއްކަމަކު އޭނާގެ ސިކުނޑީގައި ރޭވިފައި ހުރިކަންކަން ޢިޒްވާ ގާތު ބުންޏެވެ. ހައިރާންކަން ލިބުނު ޢިޒްވާއަށް ހާމިޒުއަށް ބަލާލެވުމާއިއެކު ދެލޯބޮޑުކޮށްލެވުނެވެ.
“ކޮއްކޯ، އިތުރަށް މިކޮޅުގައި ހުރެ ލާރިތަކެއް ޚަރަދުކުރުމުގެ ފައިދާއެއް އެބައޮތްތައް، ބޭބެއާއެކު ރަށަށް ދިޔައީމަ މާރަނގަޅުވާނެ، ހަމަޖެހިގެން އެކޮޅުގައި އުޅެވޭނެ، ގޭގައި ކޮއްކޮއަށް ކޮޓަރިއެއް ހުންނާނެ، ރަށުން ކޮއްކޮއަށް ވަޒީފާ ހަމަޖެހޭނެ، އަނެއްކާ ފަސޭހަކަމެއް ނޫންދޯ މީ އިރުއިރުކޮޅާ މާލެ އަންނާކަށް، ބޭބެއަށް ވެސް ފަސޭހަވާނީ ޢިޒްވާ ރަށުގައި ހުރީމައެންނު” ހާމިޒު ވާހަކަދައްކަމުން ދަނިކޮށް އެދޭތެރެއަށް ވަނީ ޝަދަފެވެ.
“އަޅުގަނޑާ ޢިޒްވާ ކައިވެނި ކުރަން ހަމަޖެހިފައި އޮއްވާ ޢިޒްވާ ރަށަށް ދިއުމަކީ ރަނގަޅުގޮތެއްކަމަކަށް ނުފެނޭ، އަޅުގަނޑުގެ ޢާއިލާ މީހުން އުޅެނީ މިކޮޅުގައި، ޢިޒްވާ ކައިވެނިކޮށްގެން އުޅޭނީ އަޅުގަނޑުގެ ޢާއިލާއާއެކު މާލޭގައި” ޝަދަފު މިހެންބުނުމުން ހާމިޒުގެ ސިކުނޑި ކުއްލިއަކަށް ދިއްލުނުކަހަލައެވެ. އެއްމިޔަކަނިން ހީނލާފައި އޭނާ ބޯޖަހާލިއެވެ.
“ބޭބެ ހަނދާންނެތުނީ ތިކަން، ކޮންއިރުން ކައިވެނިއޮތީ” ހާމިޒުގެ އަހާލިގޮތުން ހީވީ އޭނާގެ ސިކުނޑީގައި ކަމެއް ރާވަމުންދިޔަހެންނެވެ. އޭނާއަށް ފަރުޝާ ނިޔާވުމުގެ ކުރިން ޝަދަފަކީ ކޮން ޢާއިލާއަކުން އައިސްފައިވާ ޒުވާނެއްކަން ވަނީ އެނގިފައެވެ. ހާމިޒުއަކީ އަބަދުވެސް ހިތުގައި ދަހިވެތިކަމެއް އޮންނަ މީހެކެވެ. ލިބުނުވަރެއް ހެޔޮވަރުވާ މީހެއްމެއެވެ.
* * * *
ގެއަށް އައިސް ޝަދަފު ވަނުމާއިއެކު އަސްމަހާނު އޭނާގެ ފަހަތުން ބަދިގެއަށް އައިސް ވަނެވެ. އައިސްއަލަމާރިން ފެންފުޅިއެއް ނެގުމާއިއެކު ޝަދަފު އޭނާގެ އަނގަޏަށް ފެންފުޅިން ފެންފޮދެއް އޮއްސާލިވަގުތު އަސްމަހާނު މަޑުމަޑުން ޝަދަފުގެ ކޮނޑުގައި އަތްޖައްސާލިއެވެ.
“މިހާރު އިޒޫ ކިހިނެއް” މަޑުމައިތިރިކަމާއެކު އަސްމަހާނު އަހާލިއެވެ.
“އައި ޑޯންޓް ނޯ، އިޒޫ މާގިނަ ވާހަކައެއްނުދައްކާ، މަންމާ، އަޅުގަނޑު ނިންމައިފިން ވީއެންމެ އަވަހަކަށް އިޒޫ އާއި ކައިވެނިކުރަން، އެހެންނޫނީ އިޒޫގެ އެކަނިވެރިކަން ހައްތަހާ އިތުރުވާނީ، މިކަހަލަ ވަގުތެއްގައި އިޒޫ އެކަނިކޮށްލާކަށް އެއްގޮތަކަށް ވެސް ބޭނުމެއްނޫން، ބައްޕައަށް ހުރިހާ ވާހަކައެއް މިރޭ އަޅުގަނޑު ކިޔައިދޭން ބޭނުން” ޝަދަފުގެ ދުލުން އިވުނު ޖުމްލައާއެކު އަސްމަހާނު ތެޅިގަތެވެ.
“ނޫން! އަދި މަޑުކުރޭ، މަންމަ ތިވާހަކަ ބައްޕައަށް ނަންގާނަން، އެގޮތް އެންމެ ރަނގަޅެންނު” އަސްމަހާނު ހާސްވެފައި ބުނެލިއެވެ. ޝަދަފު އޭނާގެ މަންމައަށް ބަލާލާފައި ހިނިތުންވެލީ ބައްޕަގެ ކުރިމަތީގައި ހަޤީޤަތް ހާމަކުރުމަކީ އޭނާއަށް ފަސޭހަކަމަކަށް ނުވާނޭތީއެވެ. ނަމަވެސް އަސްމަހާނުގެ ފަރާތުން ލިބެމުންދިޔަ އެއްބާރުލުން އޭނާއަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިއްބައިދިނެވެ.
“ތޭންކްސް މަންމާ” ޝަދަފު އަތުގައި އޮތް ފެންފުޅި ކަބަޑުމަތީ ބަހައްޓަމުން ބުނެލިއެވެ.
“މަންމަ އާއި ޒަބާ އާންޓީ މާދަމާ އިޒޫ އާއި ބައްދަލުކުރަން އެގެއަށް ދާންވެގެން މިއުޅެނީ” އަސްމަހާނު ވަގުތުގެ ބޭނުންހިފިއެވެ.
“ދެޓްސް އެން އޯސަމް ނިއުސް، ކޮންއިރަކުންތޯ މަންމަމެން ދުރުވާނީ، އެކަމަކު އަޅުގަނޑު ހުންނަ ވަގުތެއްގައި މަންމަމެން އެގެއަށް ދުރުވަންވާނީ، އިޒޫއަށް މިފެމެލީގެ ހުރިހާ އެންމެން އަދި ނުފެނޭ” ޝަދަފު ކުރިއަށްވުރެ ވެސް އުފާވިއެވެ. އޭނާގެ ނިންމުންތަކަށް އަސްމަހާނު ޤަދަރުކުރާކަން އިޙުސާސްކުރެވިފައެވެ. އިތުރަށް މަންމަގެ މައްޗަށް ލޯބި އުފެދިގެންދިޔައެވެ.
“ޝަދަފު ނެތަސް މަންމައަށް އިޒޫ ވަކިކުރަން އެނގޭނެ، އެހެންނޫނަސް މިގޭ ކުއްޖަކަށް އިޒޫ ވާންއުޅޭއިރު މަންމަ ބޭނުން ޝަދަފުނެތި އިޒޫ އާއި ވަކިން ބައްދަލުކޮށްލަން، އެންމެ ރަނގަޅުތަ” އަސްމަހާނު މިހެން ބުންޏަސް އޭނާގެ ހިތުގައި ޝަދަފުގެ ގާތުން އެއްވެސް ކަމަކަށް އިޒުނައަށް އެދުމުގެ ޝައުގުވެރިކަމެއް ނެތެވެ. އޭނާ ޢިޒްވާއާ ދައްކަން ބޭނުންވާ ވާހަކައެއް ޝަދަފު ނުޤަބޫލަސް ދައްކާނެއެވެ.
“އޯކޭ، މަންމަ ބޭނުންވާގޮތަށް އިޒޫއާއެކު ޓައިމްކޮޅެއް ހޯދަދޭނަން” ޝަދަފު ރަކިގޮތަކަށް ހިނިއައިސްފައި ހުރެ އޭނާގެ ފަންއިސްތަށިގަނޑުގައި އަތްފުނާ އަޅާލިއެވެ. އަދި އަސްމަހާނު އޭނާގެ ގާތުން ދުރަށް ހިނގައިގަތުމުން ހިނިއައިސްފައިހުރެ ސިޑިއާ ދިމާލަށް ހިނގައިގަތެވެ.
* * * *
ދުވަހުކުއްޔަށް ހިފާފައިހުރި ކޮޓަރިގަނޑުގައި ހުރި އެނދުގެ އަރިމަތީ ހާމިޒު އިށީނދެލައިގެން އިންގޮތުން ވެސް އޭނާ އެއިނީ ބޮޑު ފިކުރެއްގައިކަން އެނގޭހާވެއެވެ. ދޭތެރެއަކުން ތުންފަތަށް ގޮތެއް ހަދާލާފައި ތުނިތުނިކޮށް ހުރި ތުނބުޅީގައި އަތްހާކާލައެވެ.
“ޖަވާހިރު ސޭޓު ހުރީ އަހަރެންގެ ދޮށީދަރިފުޅު އިމްނާއާ ކައިވެނިކުރަން ބޭނުންވެފައި، އެކަމަކު މަރިޔަމް އެކަމާ ޤަބޫލެއްނޫން، ސޭޓުގެ ފަރާތުން ވާނެ ފައިދާގެ ވާހަކަ ދެއްކުނު އަދަދެއްވެސް އެނގެނީއެއްނޫން، މަރިޔަމް ނުޤަބޫލުކަމެއް ކުރަން ވަރަށް އުނދަގޫވާނެ، ހާމިޒު! ކަލެއަކީ ވަރަށް ބޯރަނގަޅު މީހެއް، އެހެންޏާ، މިކަހަލަގެ މޮޅު ޚިޔާލެއް ކޮންމެ ކޮންމެ މީހަކަށް ނާންނާނެ….” ހާމިޒު އަމިއްލައަށް ވާހަކަދައްކަމުން ހީނލިއެވެ. އަދި އަމިއްލަ ނަފްސަށް ފަޙުރުވެރިވާފަދަ ގޮތަކަށް މަޑުމަޑުން ބޯޖަހާލިއެވެ.
“އިމްނާގެ ބަދަލުގައި ޢިޒްވާ އެހެރީ، އަދި އަހަރެންގެ އިމްނާއަށްވުރެ ވެސް ރީތި ކުއްޖެއް، އެމަންޖެ އިންނަން ވެސް އެއުޅެނީ އާދައިގެ މީހަކާ ނޫން، ނިކަންހުރެބަލަ، އަހަންނަށް އެއްޗެއް ނުދީ ލާހިކެއްނޫން ޢިޒްވާއާ އިންނާކަށް، މިހާރު އެހެރީ އަހަރެންގެ ބާރުފޯރާ ހިސާބަށް އައިސްފައި، މިކޮޅުން ކަމެއްނުވިއްޔާ ގޮވައިގެން ރަށަށްގޮސް ސޭޓަށް ދެއްކީމަ ނިމުނީނު، ބޯގިނަކުރަން ގެއަށް ގެއަށްގެންދާއިރު އަހަންނަށް ވެސް ފައިދާއެއްވާންވާނެތާ، ވަލީ ހޯދާށޭ ކިޔާފައި ނިކަން އަހަރެންގެ ގާތަށް އާދެބަލަ” ހާމިޒު ކުރިއަށްވުރެ ބާރަށް ހޭންފެށިއެވެ. އަދި ޖީބުގައި އޮތް ފޯނު ނަގާ ރަށުގައިހުރި އޭނާގެ އަންހެނުން މަރިޔަމަށް ގުޅާލިއެވެ.
* * * *
“އަދިވެސް ހޭލާތާ” ޢިޒްވާއަށް ގުޅައިގެން އޮތް ޝަދަފު ފޯނުން އަހާލިއެވެ.
“ނިދިނާންނަންޏާ ކިހިނެއް ނިދާނީ، ނިދޭއިރަށް ހީވަނީ މަންމަގެ އަޑުއިވޭހެން، މަންމަ ގޮވާލާހެން، ނޫނީ ކެއްސާލާހެން…” ޢިޒްވާ ދެރަވެފައި ބުނެލިއެވެ.
“އަބަދުއެއްކޮށް އުޅެފައި ދިޔައީމާ އެހެންހީވާނެ، އިޒޫ ވަރަށް ކެތްތެރިވާންވާނެ، ހިތާމަކުރަމުންގޮސް އަމިއްލަ ހަށިގަނޑަށް ދެރައެއްލިބިފޭފަދަ ދަރަޖައަކަށް ގޮސްގެންނުވާނެ، އިޒޫ ރަނގަޅަށް ކަނީއެއްނޫން، ނިދަނީއެއްނޫން، އިޒޫ އެއްފަހަރުވެސް ވިސްނާލިންތަ އަހަރެން ދެރަވާނެވަރު، އަހަރެން އިޒޫދެކެ ލޯބިވާވަރު، އިޒޫގެ ލޮލުން ކަރުނަ ފައިބާތަންދެކޭކަށް އަހަރެންގެ ހިތަކަށްކުޅަދާނައެއްނުވޭ، މިހިތަށް ވަރަށް ތަދުވޭ، އިޒޫ ބޭނުންވަނީ އަހަރެން ވެސް ބަލިވާންތަ” ޝަދަފު ވާހަކަތަކުން އޭނާ ޢިޒްވާދެކެ ވަރަށް ލޯބިވާކަން އެނގެއެވެ.
“ނޫން! ޝަދަފު ބަލިނުވާތި، އަހަރެން މިހާރު ނުރޮމެންނު، ހިތްވަރުގަދަ މީހަކަށްވާން އަހަރެން ވެސް ބޭނުން، ގިނައެއްކޮށް ނުކެވުނަސް މިހާރު ކަމެންނު، އަހަންނަށް އެނގޭ މަންމަ ވަރަށް ދެރަވާނެކަން އަހަރެން މިހެން އުޅެންޏާ، ޝަދަފަށް އެނގޭތަ، އަހަރެން އަސްލު އެންމެ ދެރަވަނީ މަންމައަށް ފަރުވާކުރަން ހުރިހާގޮތަކުން ތައްޔާރުވެފައި ވަނިކޮށް އެފުރުޞަތު މަންމައަށް ނުލިބި ދާންޖެހުނީމަ، ވަރަށް އުންމީދުކޮށްގެން ހުރީ ބޭރަށްގޮސް މަންމަގެ ބައްޔަށް ކޮންމެވެސް ހައްލެއްލިބޭނެޔޭ، އަދި މާލެ އައިސް އަހަރެންގެ ކައިވެނިކުރެވޭއިރު އަހަރެންގެ އެންމެ ގާތުގައި ހުންނަމީހަކީ މަންމައަށް ވާން އަހަރެން ވަރަށް ބޭނުންވި، މަންމައަށް ޝަދަފު ވަރަށް ކަމުދޭ” ޢިޒްވާގެ ލޮލުން ފައިބައިގެން ދިޔަ ކަރުނަތިކި އަތުން ފޮހެލިއެވެ.
“ނުރޮމޭ ބުނެފަވެސް ތިރޮނީއެންނު، ރޮންޏާ ފޯނު ކަނޑާލަނީ” ޝަދަފު ހަރުކަށިގޮތަކަށް މިހެން ބުނެލުމާއިއެކު ޢިޒްވާ އަވަސް އަވަހަށް ހަމައަކަށް އެޅުނެވެ.
ރޭގެ ބާކީ އޮތް ހުރިހާ ވަގުތެއްހެން ޢިޒްވާ ހޭދަކުރީ ޝަދަފުގެ ފޯނުގައެވެ. ފަތިސްނަމާދަށް ގޮވަންވިއިރު ފޯނުގައި އޮތް ޝަދަފަށް ނިދިއްޖެއެވެ. ޝަދަފާއި ވާހަކަދައްކާ ދައްކާ އަނގައިން ނުބުނުމުން ފޯނުކޯލު ކަނޑާލީ ޢިޒްވާއެވެ.
ޢިޒްވާއާއެކު ފަތިސްނަމާދުކޮށްގެން ފޭބި ސަމަރު ދެކުދިންނަށް ކޮފީތައްޓެއް ހަދައިގެންއައެވެ. އަދި މޭޒުކައިރީ ހަމަޖެހެލެވުމާއިއެކު ޢިޒްވާގެ ކައިވެނި އަވަސް ކުރަން ސަމަރު ޚިޔާލުދިނެވެ. އަދި ޝަދަފު ބޭނުންވާގޮތް ވެސް ހާމަކުރިއެވެ. ޢިޒްވާއަށް އެޚިޔާލު ކަމުދިޔައީ ސަމަރު ބުނިހެން އޭނާގެ އެކަނިވެރިކަމަށް ނިމުމެއް އައިސް މަންމަ ވަކިވުމުން ލިބުނު ހިތާމަޔަށް ލުޔެއްލިބޭނޭ އޭރުންކަމުގައި ވިސްނުނީތީއެވެ. އަނެއްކޮޅުން އެކައިވެންޏަކީ ފަރުޝާ ރުހި ޤަބޫލުވެފައިވާ ކައިވެންޏަކަށް ވާތީއެވެ.
“މެންދުރު ކާން ހާމިޒުބެ އަންނާނެކަންނޭނގެ، އަހަރެން މިއަދު ބޭނުންވަނީ ގޭގައި ކައްކައިގެން ކާން، ބޭރުން އެއްޗެހި ގެންނާކަށް ބޭނުމެއްނޫން، ކިހާ ޚަރަދެއް ކާއެއްޗެއްސަށްވެސް އެދަނީ، އަހަރެން ބޭނުން ހުރިހާކަމެއް މަޑުމަޑުން ހަމައަކަށް އެޅެން، އެގޮތަށް އެކަންވާނީ ވެސް އަހަރެން އަމިއްލައަށް މަސައްކަތްކޮށްގެން” ޢިޒްވާ ވިސްނަން އިރުކޮޅަކު އިނދެފައި ބުންޏެވެ.
“އާން! މިހާރު ތިވާހަކަދައްކަނީ ކުރީގެ އިޒޫ ވާހަކަދައްކާ ގޮތަށް، އަހަރެންގެ އިޒޫއަކީ ވަރަށް ސްޓްރޯންގ ގާރލްއެއް” ސަމަރް ހީނލާފައި ބުންޏެވެ. އޭނާއަށް ވެސް ހަމަޖެހުމެއް ލިބިގެންދިޔަކަހަލައެވެ.
މެންދުރަށް ކައްކާފައި ފެންވަރާލައިގެން ނުކުން ޢިޒްވާ ނަމާދުކުރަން ކޮޓަރިއަށް ވަނެވެ. އަދި މަންމައަށް ދުޢާކުރުމަށްފަހު ނަމާދުން އަވަދިވެގެން އޭނާ ސިޓިން ރޫމަށް ނުކުންއިރު ހާމިޒު އައިސް އިނެވެ. އޭނާއަށް ގޮވާލާފައި، ޢިޒްވާ، ސަމަރްއާ ވާހަކަދައްކަންފެށިއެވެ.
“ހިނގާ، ގޮދަޑި ކޮޓަރިއަށް ވައްދަމާ، ކޮޓަރި ވެސް އެއްކޮށް ފޮޅާ ސާފުކޮށްލައިފިން، އެނދުތަންމަތި އަޅާލާފައި ސިޓިން ރޫމު ސާފުކޮށްލަން ވާނެ އެންނު” ޢިޒްވާ ބުންޏެވެ. އޭނާ މަސައްކަތްކުރަމުން ދިޔައީ މީގެކުރިން ވެސް އޭނާގެ ދިރިއުޅުން ހަމަޖެހިފައި އޮތްގޮތަށް ކަންކަން ކުރުމަށެވެ. ގޭތެރެ ސާފުކުރުމާ ކެއްކުމާ ދޮވެއިސްތިރިކުރަމަކީ އޭނާ ކުރާކަމެއްވިއްޔާއެވެ. ލަހެއްނުވެ ސަމަރް އަވަސްވެގަތީ ޢިޒްވާއަށް އެހީތެރިވުމަށެވެ. ދެކުދިން ގޮދަޑިދަމަމުން ކަހަލަ ގޮތަކަށް ގެންގޮސް ކޮޓަރިއަށް ލާފައި ތަންމަތި އެޅުމުގެ ކުރިން ބޭރަށް ނުކުތީ ހާމީޒު އައިސް އިނީމައެވެ.
“ހާމިޒުބޭ، ކާންހަދަންތަ، މިއަދު ކައްކައިގެން މިއުޅެނީ” ޢިޒްވާގެ ނިތްކުރިން ފާޅުވަމުންދިޔަ ކުދިކުދި ފެންތިކިތައް ފޮހެލަމުން ބުންޏެވެ.
“ކޯއްޗެއް ހެދީ” ހާމިޒު ބޭނުންވީ ހަދާފައި ހުރި އެއްޗެއް އޮޅުންފިލުވާށެވެ. ޢިޒްވާ މެންދުރަށް ތައްޔާރުކުރި ބާވަތްތައް ހާމިޒުއަށް ކިޔައިދިނެވެ. އެއާއިއެކު ކުޑަކޮށް ވިސްނާލަން އިނދެފައި “ހޫން” ލައްވާލިއެވެ. ހާމިޒު އާއިމެދު ހިތްހަމަނުޖެހުނެއްކަމަކު ޢިޒްވާ އެކަމެއް ނުދައްކައެވެ. ބޮޑުބޭބެއަށްވީތީ އޭނާއާމެދު ކަންތައްކުރީ އޭނާގެ މަންމަ އުފާވާނޭ ފަދަ ގޮތަށެވެ. ހާމިޒު ކައިގެން އައިސް ސޯފާގައި އިށީނުމާއިއެކު ޢިޒްވާގެ ކައިވެނީގެ ވާހަކަފެށިއެވެ. އެހިނދު އެތަނުގައި ހުރި ސަމަރް އަވަސް އަވަހަށް ވާހަކަދެއްކިއެވެ.
“ޝަދަފު ކައިވެނީގެ ހުރިހާކަމެއް ހަމަޖައްސައިފި، އިޒޫ ފުރައިގެން ދާކަށް ދެން ނުޖެހޭނެއެންނު، އިޒޫ ކައިވެނިކޮށް އުޅޭނީ ޝަދަފުމެންގޭގައި” ސަމަރު މިހެން ބުނުމުން ހާމިޒުއަށް އިތުރަށް ޢިޒްވާ ރަށަށް ގެންދާ ވާހަކަދައްކާކަށް ނުކެރުނެވެ.
“ކޮއްކޮ މަންމަ ވެސް މިހާރު ހުރީއެއްނޫން، ކައިވެނި ކުރުމުގެ ކުރިން ބޭބެ ބޭނުން ޝަދަފާއި ބައްދަލުކޮށްލަން، ޢިޒްވާގެ ޢާއިލާ މީހަކަށް ހުރީ ބޭބެކަމަށްވާތީ، ޢިޒްވާ، އެހެން ޢާއިލާއަކަށް ދޫކޮށްލާފައި ލޮލަށް ނުފެންނަ ހިސާބަށް ބޭބެ ދާންއުޅޭއިރު ވަރަށް ގިނަކަންތައްތައް އެނގިފައި އޮންނަންޖެހޭނެކަމަށް ބޭބެ ދެކެނީ، އެކަންވާނެތަ” ހާމިޒު ވަރަށް ވިސްނައިގެން އިނދެ ވާހަކަދެއްކިއެވެ.
“އަހަރެން ބުނާނަން ޝަދަފުގާތު ބޭބެއާ ބައްދަލުކޮށްލަން، އޭނާއަކީ ގޯސްމީހެއްނޫނޭ މަންމަ ވެސް ބުންޏެންނު، ދެންއެކަމަކު ވެސް ބޭބެ ތިހާ ބޭނުންވަންޏާ އަހަރެން ހަވީރުން އޭނާ ފޮނުވަފާނަން ބޭބެ ހުރިތާކަށް، ފޯނު ނަގައްޗޭ” ޢިޒްވާ ފޫހިވެފައި ހުރެ ބުނެލިއެވެ.
ހާމިޒު ނުކުމެގެން ދިޔަތާ ގިނައިރެއްނުވަނީސް ޝަދަފު އައިސް އެޕާޓްމެންޓަށް ވަނެވެ. އޭނާގެ އުޅުމަށް ބަދަލެއް އައިސްފައި ހުރިހެން ކޮޓަރީގައި ތަންމަތިއަޅާ ނިންމާލާފައި ހިންދެމިލި ޢިޒްވާއަށް ހީވިއެވެ. އުނަގަނޑުގައި ދެއަތްވިއްދާލާފައި ޝަދަފާއި ދިމާލަށް ބަލާލުމުން އޭނާ ޢިޒްވާގެ ގާތަށް އައިސް ސިއްރުން ސިއްރުން ވާހަކަދައްކަންފެށިއެވެ.
“މަންމަ އާއި ޒަބާ އާންޓީ އެބަހުރި އިޒޫ އާއި ބައްދަލުކުރަން އައިސް، މަންމަ ބޭނުންވޭ އިޒޫއާ ވާހަކަދައްކާލަން، އެކަނި…” ޝަދަފު ޖެހިލުންވެފައި ހުރެ ބުނެލިއެވެ.
“ނުވެސް ބުނަމެންނު، އެހެންނޫންނަމައެންނު ރެޑީވާން އެނގޭނީ” ޢިޒްވާ ދެލޯބޮޑުކޮށްލަމުން ވައިއަޑުން ޝަދަފަށް ބުންޏެވެ.
“ސޮރީ… ރޭގައި ބުނެވުނު ކަމަށް ހީކުރީ” ޝަދަފު މޫނުމަތިން ދެރަވެފައި ހުރިގޮތް ދައްކާލަމުން ބުންޏެވެ. ޢިޒްވާ އަވަސް އަވަހަށް ލޯގަނޑު ކުރިމައްޗަށް އައިސް ހުއްޓެމުން މޫނު ފޮހެލާފައި ލައިގެން ހުރި ޓޮޕްކޮޅު ރީތިކޮށްލަމުން ސިޓިން ރޫމަށް ނުކުތެވެ. ޝަދަފު އޭނާގެ ގާތުގައި އެއްފަރާތެއްގައި ހުރެ އައެވެ.
ޒަމާނީ ކުލަވަރުފެނިގެންދިޔަ ދެއަންހެން ސިޓިން ރޫމުގައި ކޮޅަށްތިބެ ޢިޒްވާއާ ދިމާލަށް ފައިންފެށިގެން ބޮލާހަމަޔަށް ބަލާލާ އުސޫލުން ވަރަށް ރަނގަޅަށް ބަލާލިއެވެ. އަދި އެކަކު އަނެކަކާ ބަދަލުކޮށްލި ނަޒަރުގައި ފޮރުވިފައިވަނީ ކީކޭކަމެއް ނޭނގުނަސް ޢިޒްވާއަށް އެހަރަކާތުން އުނދަގޫތަކެއްވިއެވެ. ޖެހިލުންވާފަދަ އިޙުސާސްތަކެއް ކުރެވިގެންދިޔައެވެ.
“މަންމަ، ޒަބާ އާންޓީ” ޝަދަފު ލަސްލަހުން އަދަބުވެރިގޮތަކަށް ވަކިވަކިން ދެމީހުންނަށް އިޝާރާތްކޮށްލިއެވެ. އެހިނދު ޢިޒްވާ ހިނިތުންވެލަމުން ސަލާމްކޮށްލުމަށް އަތްދިއްކޮށްލިއެވެ. އަސްމަހާނު ހުރީ ޢިޒްވާގެ އަތުގައި ހިފަން ބޭނުންނުވެފައެވެ. އެހެންނަމަވެސް ޝަދަފުގެ ކުރިމަތީ ޢިޒްވާގެ އަތުގައި ނުހިފާދޫކޮށްލަން ނުކެރުނީއެވެ. ޢިޒްވާގެ އިނގިލިތަކުގެ ކޮޅުގައި ކިރިޔާ ހިފާލުމާއިއެކު މާނައެއްނެތް ހިނިތުންވުމެއް ދިނެވެ. ޒަބާ ވެސް ކަންތައްކުރީ ހަމައެގޮތަށެވެ.
“އިށީންނަވާ” ވަރަށް ބިރުގެންފައި ހުރިފަދަ ގޮތަކަށް ޢިޒްވާ ސޯފާއަށް އިޝާރާތްކޮށްލިއެވެ. އަސްމަހާނު ހިނގައިގަތުމުގެ ކުރިން ދެން ވެސް ބަލާލީ ޒަބާއަށެވެ.
“އަހަރުމެން މިއައީ ޢިޒްވާއާ ބައްދަލުކުރަން، ވަކިން ބައްދަލުކޮށްލަން ބޭނުންވަނީ، ޑިފީ މިތަނުގައި މަޑުކުރަންވީނު” ޒަބާ ބުނެލިއެވެ. އެހިނދު އޭނާ ބުނިއެއްޗަކަށް އެއްބަސްވުމުގެ ގޮތުން އަސްމަހާނު ވެސް ހިނިތުންވެލިއެވެ. ދުރުގައި ކޮޓަރީގެ ދޮރުކަނީގައި ހިފަހައްޓައިލައިގެން ސަމަރު ހުރީ އެންމެންގެ ހަރަކާތްތަކަށް ބަލާށެވެ.
“އިޒޫ ދާންވީނު މަންމަމެން ގޮވައިގެން ކޮޓަރިއަށް” ޝަދަފު މިހެން ބުނުމުން ޢިޒްވާ ބޯޖަހާލާފައި އަސްމަހާނަށާއި ޒަބާއަށް ބަލާލިއެވެ. އެމީހުން ކޮޓަރިއަށް ވަނުމާއިއެކު ދޮރުކައިރީ މަޑުކޮށްލައިގެން ހުރި ސަމަރު ގާތު ޢިޒްވާ އެއްޗެއް ބުނެލިއެވެ.
ޢިޒްވާގެ އެދުމަށް މެހެމާނުދާރީ އަދާކުރުމަށްޓަކައި ސަމަރް އަވަސްވެގަތެވެ. ޝަދަފު ސިޓިން ރޫމު ސޯފާގައި އިށީނދެލއިގެން ބަދިގެފަރާތުގައި ހަރަކާތްތެރިވަމުން ދިޔަ ސަމަރްއާ ވާހަކަދައްކަންފެށިއެވެ.
“ޑިފީ، އެއީ ކޮންކަހަލަ ނަމެއްތަ؟ ކާކުކީ ނަމެއް އެއީ، ހާދަ ޔަންގޭ ޝަދަފްގެ މޮމް” ސަމަރު ތަބަކެއްނަގައި ކާމޭޒުމަތީ އޮތްތަބަކުގައި ބިއްލޫރި ދެތަށި ބަހައްޓަމުން ބުންޏެވެ. އޭނާގެ ސުވާލު އިވިފައި ހީނލި ޝަދަފު ޖަވާބުދިނެވެ. ޑިފީއަކީ ޢާއިލާ ނަމެއްކަމުގައެވެ. ހަނދާންހުންނަންފެށީއްސުރެން ޢާއިލާތެރޭގައި އޭނާއަށް ބޭނުންކުރާ ނަމެއްކަން އޮޅުންފިލުވައިދިނެވެ. އަދި އޭނާގެ މަންމަ، އަސްމަހާނަކީ އަބަދުވެސް ރީތިކޮށް ޅަކޮށް ހުރުމަށް ވަރަށް މަސައްކަތްކުރާ އަންހެނެއްކަން ވެސް ޝަދަފު، ސަމަރްއަށް ކިޔައިދިނެވެ.
ވަށައިގެން ކޮޓަރިތެރެއަށް ބަލާލާފައި އަސްމަހާނު އޭނާގެ ގާތުގައި އިން ޒަބާއަށް ބަލާލިއެވެ. އެހިނދު ޒަބާ ލޮލުން އިޝާރާތްކޮށްލީ ޢިޒްވާއާ ވާހަކަދައްކަންފެށުމަށެވެ.
“އިޒޫ، އަންހެނުންނަކީ މީހުންނާ އިނދެގެން ކޮންމެހެން ގޭގައި ތިބެންޖެހޭ ބައެއްނޫން، އަދި އެމީހުންނަކީ ދަރިން ހޯދަންތިބޭ ބައެއްވެސް ނޫން، އިޒޫ ނުވިސްނަންތަ މޮޅަށް ކިޔަވާކަށް، އަދި މަތީމަޤާމެއްގައި މަސައްކަތްކުރާކަށް، ރީތިނަމަކާ އަތުގައި ފައިސާ ހުންނާކަށް ނުވިސްނަންތަ، މިއީ މިހާރު ކިހާ މުހިއްމު އެއްޗެއް، ފައިސާއާ ނުލާ އެއްކަމެއް ވެސް ނުވޭ، ފައިސާއިން ލޯތްބާއި އުފާނުގަނެވޭނެއޭ ބުނަނީ ހަޤީޤަތުގައި މޮޔައިން، ލޯބި ދެމިއޮންނަނީ ދެމީހުންގެމެދުގައި އުފާވެރިކަން ދެމިއޮތްހާ ދުވަހަކު، އުފާވެރިކަން ދެމިއޮންނަނީ ދެމީހުންގެ އެދުންތައް ދެމީހުން ބޭނުންވާގޮތަށް ކާމިލުވާނަމަ، އެދުންތަކާއި ބޭނުންތައް ފުއްދުމަށް ފައިސާ ބޭނުންވޭ، އެހެންވީމަ ލޯތްބާއި އުފާވެރިކަން ވެސް ހާސިލުމިވަނީ އަތުގައި ފައިސާ ހުރީވިއްޔާ… އިޒޫ ބޭނުމެއްނޫންތަ އެފަދަ މީހަކަށް ވާކަށް، މިޒަމާނުގައި ޤަދަރާ އިއްޒަތަކީ ވެސް ފައިސާ އޮތްމީހަކަށް ނޫނީ ލިބޭނޭ އެއްޗެއްނޫން… މުޅި އުމުރުދުވަހު ޝަދަފަށް ބަރޯސާވެގެން އުޅެންތަ އިޒޫ ބޭނުންވަނީ، އޭނާއަށް ކަމެއްވެއްޖެނަމަ ދެން އިޒޫ ހަދާނީ ކިހިނެއް؟” އަސްމަހާނުގެ ވާހަކަ މިހިސާބަށް ދިޔައިރު ޢިޒްވާގެ މޫނުމަތިން ހީވަނީ އޭނާ އިނީ ސިކުނޑީގައި ބޮޑު ސުވާލުމާކެއް އުފެދިފައިވާ އިންހެނެވެ. ހައިރާންވެ އަންތަރީސްވެ ބުނާނީ ކީކޭކަމެއް ނޭނގިފައެވެ.
“ކީއްވެތަ އެއްޗެއް ނުބުނެ ތިހުންނަނީ، އަސްމާ އެކިޔާ އެއްޗެއް ނުވެސްނާހާ ޤަމާރު އަންހެނަކީތަ” ޒަބާ، ޢިޒްވާގެ މޫނަށް ބަލާލަމުން ފޫހިރޭގެއްގައި ބުންޏެވެ.
“ތިދައްކަވަނީ އަޅުގަނޑު އެއްގޮތަކަށް ވެސް ވިސްނާފައިވާ ކަންތައްތަކުގެ ވާހަކައެއްނޫން، ޝަދަފާ، އަޅުގަނޑު ގުޅެން މިއުޅެނީ އޭނާއަކީ ފައިސާވެރިއަކަށްވީމަ އެކަމުން އަޅުގަނޑަށް ނަފާތަކެއްވާނޭކަމަށް ހީކޮށެއްނޫން، އަޅުގަނޑުމެން ދެމީހުން އެކަކު އަނެކަކުދެކެ ލޯބިވީ އެފަދަ ފަރަޤުތަކަށް ވިސްނާފައެއްނޫން، ޝަދަފުގެ މަންމަ ތިދައްކަވާ ވާހަކަ މުޅިއަކުން އަޅުގަނޑަށް ސާފެއްނުވޭ، މައްސަލައަކީ ކޮބާތޯ؟” ޢިޒްވާ ޖެހިލުންވެފައި ހުރެ މަޑުމަޑުން ބުންޏެވެ.
“ނޭނގޭކަމަށް ހެދީމަ އެކައްޗެއް ވެސް ނޭނގޭނެ، ބަލަ އަހަރުމެންނަށް އެނގެޔޭ، ކާކުތަ ފައިސާގެ ވާހަކަދެއްކީމާ ނޭނގޭކަމަށް ހަދާނީ…” ޒަބާއަށް މިހެންބުނެވުނީ ތަންކޮޅެއް ބާރަށެވެ. އެވަގުތު ތަބަށްހިފައިގެން ކޮޓަރިއަށް ވަންނަން އައި ސަމަރްއަށް އެއަޑުއިވުމާއިއެކު ހުއްޓުންއެރިއެވެ. ކޮޓަރީގެ ދޮރު ކައިރިކޮށްލާފައި ހުއްޓެއްކަމަކު އެއްކޮށްނުލައްޕާތީ އެތެރޭގައި ދެކެވެމުންދިޔަ ވާހަކަ ދޮރުކައިރީ މަޑުކޮށްލައިފި މީހަކަށް ސާފުކޮށް އަޑުއިވޭނެއެވެ. ހައިރާންކަންވެރިވެގެންދިޔަ ސަމަރްގެ ކަންފަތް ދޮރުފަތާ ކައިރިކޮށްލެވުމާއިއެކު އެތެރޭންއިވެމުންދިޔަ އަޑުތަކަށް ޝައުގުވެރިވިއެވެ.
“ވަރަށް ދެރަވޭ މިކަހަލަ ވަގުތެއްގައި މިވާހަކަބުނަން ޖެހޭތީ، އިޒޫގެ މަންމަ ހުރިނަމަ މިއަދު މިވާހަކަ އަހަރެން ދައްކާނީ އިޒޫގެ މަންމައާ، އަހަރެންގެ ޢާއިލާގެ ފަރާތުން އިޒޫއަށް ތައުޒިޔާކިޔަން، އަސްލު މިވާހަކަ ނުބުނެ އިތުރަށް ލަސްކުރެވޭކަށް އަހަންނަކަށްނެތް، އަހަރެން ބޭނުމެއްނޫން ޝަދަފާ، އިޒޫ ގުޅޭކަށް، އަހަރެން މާކުރިން ވެސް ޝަދަފުގެ ކައިވެނިވަނީ ރާވާފައި، ޢާއިލީގޮތުންނާއި ފެންވަރުގެ ގޮތުން އޭނާއާ އެކަށީގެންވާ ކުއްޖެއް އަހަރެން ހޯދައިފިން، އެހެންވީމަ ތިކައިވެންޏަށް އަހަންނަށް ޤަބޫލެއްނުވެވޭނެ، އަހަންނަށް ރަނގަޅީ އިޒޫ، ޝަދަފާއި ގުޅުންކަނޑާލިއްޔާ، އޭގެ ބަދަލުގައި އަހަރެން އިޒޫ ރަނގަޅުމީހަކަށް ހަދައިދޭނަން، ކިޔަވަންބޭނުންވަންޏާ ކިޔަވައިދޭނަން، ހުންނާނޭތަނެއްދައްކައިދޭނަން، ފައިސާ ލިބޭނޭމަގެއް ހޯދައިދޭނަން، މިބުނީ އިޒޫގެ އަމިއްލަ ބިޒްނަސްއެއް ފަށަން އެކަމަށް އަހަރެން އިންވެސްޓްކޮށްދޭނަމޭ، އިތުރު އެހީއެއް ބޭނުންވަންޏާ އެކަންވެސް ކޮށްދޭނަން، އޭރުން އަހަރެންގެ ޝަދަފަށްވުރެ މާރަނގަޅު ކުދިން ވެސް އިޒޫއަށް ކައިވެނި ހުށަހަޅާނެކަން ޔަޤީން” ޒަބާ ބުނިގޮތަށް ޢިޒްވާއާ އެހާ ހަރުކަށިކޮށް ބާރަށް ވާހަކަދައްކާކަށް އަސްމަހާނަކަށް ނުކެރުނެވެ. އޭގެ ބަދަލުގައި އޭނާ ވާހަކަދެއްކީ ޢިޒްވާއަށް ކަމެއް ވިސްނައިދޭން އުޅޭ މީހަކު ފަދައިންނެވެ. ހިތުގައި ޖެހުނުވަރުން އަނގައިން ބަހެއްވެސް ބުނަން ބޭނުންނުވެފައި ޢިޒްވާ ހުރީ އިސްޖަހާލައިގެންނެވެ. މިއަދު ޝަދަފުގެ މަންމަމެން އެހާވަރުން އޭނާގެ ގާތަށް އައި ބޭނުން އެނގިއްޖެއެވެ. ޝަދަފުގެ ހިތުން ޢިޒްވާއަށް ޖާގައެއްލިބުނެއްކަމަކު ޝަދަފުގެ ޢާއިލާ ޢިޒްވާ ބަލައިނުގަންނާނެކަން އޭނާއަށް އެނގި ސާފުވެއްޖެއެވެ. ވީއިރު އިތުރަށް އޭނާ އެމީހުންގެ ހިތްރުއްސަން ބުނާނީ ވަކި ކީކޭކަމެއް ނޭނގުނީއެވެ.
ދޮރުކައިރީ ހުރި ސަމަރުގެ މޫނުމައްޗަށް ޖަންބުކުލަ އަރައިގެން ދިޔައީ އައިރުޅިންނެވެ. އަތުގައި އޮތް ތަބަކުގައި ހިފާ ބާރުކޮށްލުމާއި “ހުއް” ކިޔާ ތުންއަނބުރާލަމުން އައިސް ކާމޭޒުމަތީ ތަބައްބެހެއްޓިއެވެ. އެހިނދު މޭޒުވެސް ގުޑައިގެން ދިޔައެވެ. އަދި ތަބަކުގައި ހުރި ޖޫސްތަށިތަކުން ބޭރަށް ޖޫސްތަށް ބަންޑުންވެގެން ދިޔައެވެ. ދެބުމަގޮށްޖަހާލުމާއިއެކު އޭނާ ބަލާލީ ސޯފާގައި ފޯނާކުޅެން އިން ޝަދަފަށެވެ. ވަގުތުން ގޮސް އޭނާއާ ދިމާލަށް ހުރިހާ ވާހަކައެއް ގޮވާލަން ބޭނުންވިއެވެ. އެހެންނަމަވެސް ފަސްޖެހެވުނީ ޢިޒްވާ ހަދާނެގޮތެއް ނޭނގޭތީއެވެ. އުނަގަނޑުގައި ދެއަތްވިއްދާލުމާއިއެކު އޭނާ ފާރުގައި ލެނގިލަމުން ކޮޓަރިއަށް ނަޒަރުހުއްޓާލިއެވެ. ޢިޒްވާ އެކޮޓަރިން ނުކުންނާނޭ އިރެއްގެ އިންތިޒާރުގައެވެ.
“އަހަރެން ބުނީމެންނު އޭނާ ޤަބޫލެއްނުކުރާނެއޭ، ޔަޤީނޭ މީނާގެ ރޭވުމެއްކަން މިއީ، ޑިފީގެ ބޯކައިލައިގެން މީނާ ހީކުރީ ނިކަން ފަސޭހައިން ޢާއިލާތެރެއަށް ވަދެވިދާނެއޭ، އަސްމާއަކަށް ނޭނގޭނެ މިކަހަލަ މީހުންގެ ގޮތެއް، އޭތް! މިހިރަކުއްޖާގަނޑާ، އަނގައިންނުބުނެ މަންމަންވެފައި ތިހުންނަނީ އަހަރުމެން ހަމްދަރުދީވާނޭކަމަށްތަ، ޝުކުރުކޮށްބަލަ ކަލޭ ކަހަލަ އަންހެނަކަށް މީނދަ އަސްމާ އެވަރުކޮށްދޭން އުޅޭތީ ވެސް، އެހެންނޫންނަމަ ކާކު މިޒަމާނުގައި އުޅެނީ ތިކަހަލަ މީހުންނަށް ހަމްދަރުދީ ފާޅުކުރާހިތުން، ބުނަން، ކަލެއަށް ވެސް އެންމެ ފައިދާ ބޮޑުވާނީ މިގޮތް ޤަބޫލުކުރީމަ، އަދި ބުނަން، އަހަރުމެން މިގެއިން ނުކުމެގެންދިޔުމަށްފަހު ކަލެއަށް ޑިފީއެއް ވެސް ނުލިބޭނެ އަދި އަހަރުމެން މިކުރި އޮފާއެއްވެސް ނުލިބޭނެ، ވިސްނުމެއްހުރީވިއްޔާ މިގޮތް ޤަބޫލުކުރޭ” ޒަބާއަށް އެއްގޮތަކަށް ވެސް އަސްމަހާނު ކަންތައްކުރި ގޮތެއް ކަމަކު ނުދިޔައެވެ. އޭނާ އިންތަނުން ތެދުވެގެން އައިސް ޢިޒްވާއާ ދިމާލަށް އެއްޗެހި ކިޔަންފެށިއެވެ. ނުވިތާކަށް ޢިޒްވާގެ އަތުގައި ހިފާ ތަޅުވައިގަތެވެ. ކަންބޮޑުވެފައި ހުރި ޢިޒްވާ ފެންކަޅިވަމުންދިޔަ ލޮލުން ޒަބާއަށް ބަލާލިއެވެ.
“އަހަރެން ވަރަށް ލޯބިވޭ ޝަދަފުދެކެ” ޢިޒްވާ ކުރެހިފައިވާ އަޑަކުން ބުނެލިއެވެ. އޭނާއަށް މިފެންނަނީ މުޅިން އައު ކަންތައްތަކެކެވެ. މައިންބަފައިން ދަރިންގެ ދިރިއުޅުމަށް ނުފޫޒު ފޯރުކުރާވާހަކަ އޭނާ އަޑުއަހައެވެ. މިއަދު އެކަން ލޯކުރިމަތިން ފެންނަމުން ދިޔައިރު ހިތަށް ކުރާނޭ އަސަރު ވަރަށް ރަނގަޅަށް ޢިޒްވާއަށް އިޙްސާސް ކުރެވިއްޖެއެވެ. އަސްމަހާނު ތެދުވެ ޒަބާގެ އަތުގައި ހިފެހެއްޓިއެވެ. ޒަބާ އެނބުރި އަސްމަހާނަށް ބަލާލުމުން އޭނާ އިޝާރަތްކޮށްލީ އެތަނުން ނުކުތުމަށެވެ.
“ތީ ހަމަ ބޮޑު މޮޔައެއް، އަދިވެސް ތިއުޅެނެވެނީ ހުވަފެނެއްގެ ތެރޭ، އެކަމަކު ހޭލެވޭކަށް ދެން މާގިނައިރެއްނެތް، ހީކޮށްލާ މިއަދުމީ ޑިފީ އާއި ބައްދަލުކުރެވޭނޭ އެންމެ ފަހުދުވަސްކަމުގައި، ހީނުކުރާތި މިވާހަކަތައް ޑިފީ ގާތު ދައްކައިގެން މޮޅުތަކެއްވާނެއޭ، އޭނާ ޤަބޫލެއްނުކުރާނެ” ޒަބާ މިހެންބުނެ ވިހަގޮތަކަށް ހީނލާފައި އަސްމަހާނާއިއެކު އެކޮޓަރިން ނުކުތެވެ.
އަސްމަހާނާއި ޒަބާ ފެނުމުން ސަމަރު ދެލޯ އަޅާލިއެވެ. އެކަމަށް ފަރުވާލެއް ބެހެއްޓުމެއްނެތި އަސްމަހާނު އައިސް ހެވިފައި ޝަދަފާ ވާހަކަދައްކަންފެށިއެވެ.
“ހާދަ އަވަހަށް…” އަސްމަހާނު ގެއަށްދާވާހަކަ ބުނުމުން ޝަދަފު ބުންޏެވެ.
“ޒަބާ އާންޓީއާއެކު ކުޑަ ޝޮޕިންނަކަށް ދާން މިދަނީ، ދަރިފުޅު ލަސްނުވެ ގެއަށް އަނައްޗޭ، މިރޭ ރޭގަނޑު ކެއުމުގައި ކޮންމެގޮތެއް ހަދާފައި ވެސް ބައިވެރިވާންވާނެ” އަސްމަހާނު މިހެންބުނުމުން ޝަދަފު އެކަމަށް ވަޢުދުވިއެވެ. ޒަބާ ވެސް ހެވިލާފައި ޝަދަފުގެ ކޮނޑުގައި ފިރުމާލިއެވެ. އަދި އަސްމަހާނާ ދެމީހުން އެކުގައި އެޕާޓްމެންޓުން ނުކުމެގެން ދިޔައެވެ. އެއާއިއެކު ސަމަރް އާއި ޝަދަފާ ދެމީހުން އެކުގައި ކަހަލަ ގޮތަކަށް ކޮޓަރިއަށް ވަނުމަށް ހިނގައިގަތެވެ. ނަމަވެސް ސަމަރްއަށްވުރެ އަވަހަށް ޝަދަފު ކޮޓަރިތެރެއަށް ދެމިގަތެވެ.
“އިޒޫ، ރޮނީތަ” ޝަދަފުގެ އަޑުއިވުމާއިއެކު އަވަސް އަވަހަށް ޢިޒްވާ ދެލޯ ފޮހެލާފައި ދެފަރާތަށް ބޯހޫރާލިއެވެ.
“މަންމަ އިޒޫއާ މީޓުކުރަން އައީމަ ވަރަށް ހެޕީވެއްޖެ، ކީކޭ މަންމަ ބުނީ” ޝަދަފަށް ހީވީ ޢިޒްވާ ވެސް ހުރީ އުފާވެފައި ކަމުގައެވެ. އޭނާގެ ލޮލުން ކަރުނައިގެ އަސަރުފާޅުވީ ލިބުނު ހިތްހަމަޖެހުމެއްގެ ބޮޑުކަމުން ކަމަށެވެ. ޢިޒްވާ އެއްވެސް އެއްޗެއް ނުބުނެ އައިގޮތަށް ޝަދަފުގެ މޭގައި ލައްވެލިއެވެ.
“އައި ލަވް ޔޫ” ޝަދަފުގެ އަތުގެތެރޭ ޢިޒްވާ ފިއްތާލަމުން ބުނެލިއެވެ. އޭރު ދޮރުމަތީ ހުރި ސަމަރްއަށް ޢިޒްވާގެ ހާލު އެނގިއްޖެއެވެ. އޭނާ އެމަސައްކަތްކުރަނީ ކީކޭ ބުނަންކަން ސަމަރްއަށް އެނގުނެވެ.
“އަދިވެސް ރޮނީތަ، ކީއްވެތަ ތިރޮނީ… އިޒޫ، ކިހިނެއްވީތާ” ޝަދަފު، ޢިޒްވާ ގެނެސް އެނދުގައި ބައިންދަމުން އޭނާއާ ސުވާލުކުރަން ފެށިއެވެ.
“އިޒޫ، ކިހިނެއްވެފަތަ ތިއިންނަނީ، ކީއްކުރަން ތިރޮނީ، ރީތިކޮށް ޝަދަފު ގާތު ހުރިހާ ވާހަކައެއް ބުނިއްޔާ މާރަނގަޅެންނު” ސަމަރު ހިތްހަމަނުޖެހިފައި ހުރި ރާގެއްގައި ބުންޏެވެ.
“ކީކޭތަ އަހަރެން ގާތު ބުނަންވީ، ކިހިނެއްތަ މިވަނީ، ސަމަރު، ކިހިނެއްތަ ވެގެންމިއުޅެނީ” ވާނުވާނޭނގުމުން ޝަދަފު ކުޑަކޮށް ހާސްވާގޮތްވިއެވެ.
“ޝަދަފު ކިހާ ވަރަކަށް އިޒޫދެކެ ލޯބިވޭ، ޝަދަފު ކޮންމެ ހާލެއްގައި ވެސް އިޒޫއާ މެރީކުރަން ބޭނުންތަ؟ ނޫނީ މީހަކު ބުނާއިރަށް އިޒޫ ދޫކޮށްލާނީތަ” ސަމަރު، ޝަދަފަށް ބަލަހައްޓައިގެން ހުރެ ހަރުކަށި ރާގެއްގައި އެހިއެވެ.
“ސަމަރް، ކީކޭ ކިޔަންތަ ތިއުޅެނީ، އަހަރެން ކުރިންވެސް ބުނީމެންނު އިޒޫއަށް ދެރަގޮތެއް އަހަރެން ނުހަދާނަމޭ، ކައިވެނިކުރާ ވާހަކަ މިދައްކަނީ މަޖަލަކަށް ނޫނޭ، އައެމް ޑޭމް ސީރިއަސް އަބައުޓް ދިސް، އަހަރެން އިޒޫދެކެ ވަރަށް ލޯބިވޭ، ބިލީވްމީ ސަމަރް، އަހަރެންގެ ދިރިއުޅުމަށް ހަމައެކަނި ގެންނަން ބޭނުންވާ ފަރާތަކީ އިޒޫ، މީހަކު ކީއްކުރަން އެކަމަށް ހުރަސްއަޅަންވީ، ފާޑުކިޔަންވީ، މީ މީހަކާ ބެހޭކަމެއްނޫނޭ، މީ އަހަރެންގެ އަމިއްލަ ނިންމުމެއް، މިދައްކަނީ އަހަރެންގެ އަމިއްލަ ދިރިއުޅުމުގެ ވާހަކަ، އިޒޫ، ޤަބޫލުކުރޭ، އަހަރެން އިޒޫދެކެ ވަރަށް ލޯބިވޭ، އަހަރެން ދުވަހަކުވެސް އިޒޫއާ ވަތްކެއްނުވާނަން” ޝަދަފް އޭނާގެ ގާތުގައި އިން ޢިޒްވާގެ މޫނުގައި ދެއަތުން ހިފާލަމުން ބުންޏެވެ. އޭނާ ޢިޒްވާދެކެ ވާލޯބި ސަމަރްއަށާއި ޢިޒްވާއަށް ޔަޤީންކޮށްދޭން ބޭނުންވިއެވެ.
“ޝަދަފު، ޢިޒްވާދެކެ ތިހާ ލޯބިވާއިރު، ޝަދަފުގެ މަންމަމެނަށް އެކަން ނުވިސްނެނީ ކީއްވެތަ، އިޒޫ އެރޮނީ ކީއްވެކަން ބުނަންވީތަ، އަހަންނަށް އެނގޭ އިޒޫ އެހެންއިނދެގެން ކިތަންމެވަރަކަށް ރުޔަސް ޝަދަފު ގާތު އެއްވެސް ވާހަކައެއް ނުބުނާނެކަން، ޝަދަފަށް އެނގޭތަ ޝަދަފުގެ މަންމަ އާއި އެޒަބާ އާންޓީ އައިސް ދައްކާފައި އެދިޔައީ ކޮންވާހަކައެއްކަން” ހިތްހަމަނުޖެހިފައި ސަމަރް ބުންޏެވެ.
“މަންމަމެން ދެއްކި ވާހަކައެއް ސަމަރްއަށް އަޑުއިވުނީ ކިހިނެއް، ސަމަރް ވެސް އިނީ ބޭރުގައެންނު، ނޫނީ އިޒޫ އަހަރެން ގާތު ބުނުމުގެ ބަދަލުގައި ސަމަރު ގާތުގައި ބުނީތަ” ޝަދަފަށް ހިތްހަމަނުޖެހެވުނީ ކީއްވެކަމެއް ނޭނގެއެވެ. ފަހަރެއްގައި އޭނާގެ މަންމަމެން އެދިޔައީ އޭނާ ހިތްހަމަނުޖެހޭވަރުކޮށްފައިކަން އަޑުއަހަން ބޭނުންނުވަނީ ކަމަށް ވެސް ވެދާނެއެވެ.
“އަހަރެން ކަމެއް ވެގެންނު ޖޫސްތަބަށް ހިފައިގެން ކޮޓަރިއާއި ހަމައަށް ގޮސްފައި އަނބުރާލާފައި އައީ، ޝަދަފު އަޑުއަހަން ބޭނުންނުވަންޏާ ބުނެބަލަ، ނޫނީ އަޑުއަހަން ނުކެރިގެންތަ ތިއުޅެނީ” ސަމަރު މިހެން ބުނުމާއިއެކު ޢިޒްވާ ފުންމައިގެން ތެދުވެއްޖެއެވެ.
“ދެންހެޔޮ ސަމަރް، ތިވާހަކަ ނުދައްކަބަލަ، އަހަރެންގެ އެންމެ ގާތްދެމީހުން އެކަކުއަނެކަކުދެކެ ރުޅިއަންނާކަށް ބޭނުމެއްނޫން، ޕްލީޒް، ދެން ހުއްޓާލާ” ޢިޒްވާ ރޮމުން ކަހަލަ ގޮތަކަށް ބުނެލިއެވެ.
“މައްސަލައެއްނެތް، އެކަމަކު ޝަދަފުގެ މަންމަމެންގެ ހަޤީޤަތް އެނގެން ބޭނުންވެގެން ޝަދަފު އަހަންނާ ސުވާލުކޮށްފިއްޔާ އަހަންނަށް އަޑުއިވުނު ހުރިހާ ވާހަކައެއް ކިޔައިދޭނަން، އެހެންވީމާ ޝަދަފުގެ އަތްމަތީގައި އޮތްކަމެއް އެއީ އޭނާ އަހަންނާ ސުވާލުކުރުން” ސަމަރު މިހެންބުނެ ކޮޓަރިން ނުކުމެގެން ދިޔައެވެ. ޢިޒްވާ އެމަންޒަރު ބަލަންހުރެފައި އިސްޖަހާލަމުން އެނދުގައި އިށީނެވެ. އަދި މަޑުމަޑުން ދެލޯ ފޮހެލިއެވެ.
“މިއަދު މަންމަނެތްކަން އެއީ ނަސީބެއްކަންނޭނގެ، އެހެންނޫނީ އެވާހަކަތައް މަންމައަށް އަޑުއިވުނުނަމަ މަންމަގެ ފުރާނަވަކިވެގެންދާނީ މިއަދުކަން ޔަޤީން…. އެކަކަށްވެސް އެމީހެއްގެ މައިންބަފައިންނޭ ކިޔައިގެން ނޭދެވޭ ވާހަކައެއްދައްކާ އަޑު އަހާކަށް ފަސޭހައެއްނުވާނެ، އޭގެން ވެސް އެނގެނީ މައިންބަފައިންދެކެ ލޯބިވާވަރު، ޝަދަފު އޭނާގެ މަންމައަށް ކުރާ ޤަދަރާއި ޖެހިފައިހުރި ލޯބި ކުޑަކުޑަ ހިނދުކޮޅެއްގެތެރޭ ގެއްލިގެން ހިނގައިދާނޭތީވެ ކަންނޭނގެ ސަމަރުގެ ވާހަކަ އަޑުއަހަން ބޭނުންނުވަނީ، އަހަރެންވެސް އޭނާއަށް އެކަމުގައި އެއްވެސް ނުފޫޒެއް ފޯރުވާކަށް ބޭނުމެއްނޫން، ހަޤީޤަތް އެނގެންވީމާ އެނގޭނެ… ކަންކަމާ ކެތްތެރިވާން އަހަންނަށް އެނގޭ” ޢިޒްވާ އޭނާގެ ޚިޔާލުތަކުން ނުކުމެވުނީ ޝަދަފު މަޑުމަޑުން އޭނާގެ އަތްތިލައިގައި ހިފާލުމުންނެވެ. ދެޒުވާނުން އެއްވެސް އެއްޗެއް ނުބުނެ އިރުގަނޑު އެހެންތިއްބެވެ. ކުއްލިއަކަށް ކަންތައްވީގޮތުން ޝަދަފަށް އިތުރަށް ސުވާލެއް ކުރަން ނުކެރުނީއެވެ. އެހެންވިޔަސް އޭނާގެ ހިތުގައި ޢިޒްވާއަށްދެވިފައިވާ ލޯތްބާއި މަޤާމަކަށް ބަދަލެއްނާދެއެވެ. އަދި އޭނާގެ ނިންމުމަކަށް ވެސް ބަދަލެއްނާދެއެވެ.
“އައި ލަވް ޔޫ، އެކަން އަބަދުވެސް ހަނދާންކުރައްޗޭ” ޝަދަފު، ޢިޒްވާގެ އަތްތިލައިގައި ބޮސްދީފައި ބުނެލިއެވެ. މަޑުމަޑުން ޢިޒްވާ ބޯޖަހާލިއެވެ.
* * * *
އަސްމަހާނުގެ މޫނުމަތިން ކަންބޮޑުވުން ފެނުނެއްކަމަކު ޒަބާގެ މޫނުމަތިން ފެންނަނީ ހިތްހަމަޖެހުމެވެ. ދެމީހުން ކާރުގައި އައިސް މަޑުކޮށްލީ ޒަބާމެންގޭ ދޮރުމައްޗަށެވެ. އެތެރެއަށް ވަދެގެންދިޔައިރު ވެސް އަސްމަހާނު ހުރީ ހިމޭންވެފައެވެ. އިތުރަށް އެއްޗެއް ނުބުނެ ޒަބާއަކަށް ނުހުރެވުނެވެ.
“ކޮންކަމަކާތަ ހާސްވަނީ، އެއަންހެންކުއްޖާ ޑިފީ ގާތު ހުރިހާ ވާހަކައެއްދެއްކިޔަސް އޭނާ ޤަބޫލެއްނުކުރާނެ، ސޯ ޕްލީޒް، ވޮރީކުރުން ހުއްޓާލާފައި އަހަރުމެންގެ ޕްލޭން ކުރިއަށްގެންދަމާ، ޑިފީ ގާތު ބުނެގެން ތިބުނާ ބޭބެއެއްގެ ނަންބަރު ހޯދަމާ، ފައިސާކޮޅެއްދެނިކޮށް އެއަންހެނާ ގޮވައިގެން އެނބުރި ރަށަށް ހިނގައިދާނެ، އޭރުން އެއްފަހަރުން އެކަމުން ސަލާމަތްވީ” ޒަބާ، އަސްމަހާނުގެ އަތުގައި ހިފައި ގާތްކޮށްލަމުން ބުންޏެވެ.
“ޝަދަފަށް ހުރިހާ ކަމެއް އެނގިއްޖެއްޔާ ވާނޭގޮތަކާއިމެދު ހަމަވިސްނެނީ، ޒަބާ، އަހަރެން ބިރުގަނޭ ޝަދަފު އަހަންނާވަކިވެދާނޭތީވެ، ހަޤީޤަތް ދުވަހަކުވެސް އެނގޭކަށް ބޭނުމެއްނޫން، އެކަން އަހަރުމެންނަށް ވާނެތަ، އިޒޫގެ އެބުނާ ބޭބެއަކީ ފައިސާއަށް ހެއްލޭކަހަލަ މީހަކަށް ނުވެއްޖެއްޔާ ކިހާބޮޑުގެއްލުމެއް، އޭރުން ހަމަޔަޤީން ހުރިހާކަމެއް ޝަދަފަށް ފަޅާއަރާނެކަން” އަސްމަހާނު މިހެންބުނެ ތުންފަތުގައި ދަތްއަޅާލީ އެމީހުންގެ ރޭވުންތައް ކާމިޔާބުނުވާނެއޭ ހިތަށްއަރާވަރުންނެވެ.
“ހާސްނުވެބަލަ، ޑިފީގާތު އެވާހަކަތައް ނުދައްކައިފިއްޔާ އޭގެމާނައަކީ އޭނާގެ އެބުނާ ބޭބެއަކަށް ވެސް ނުކެރޭނެޔޭ ޑިފީ ގާތު އެއްވެސް ވާހަކައެއް ބުނާކަށް، އެއަންހެނާ ހުރިހާ ކަމެއް ޑިފީއަށް ސިއްރުކުރާނެ، އޭރުން އަހަރުމެންނަށް އެކަމުން ގެއްލުމެއްނެތެންނު، އަހަންނަށް ޔަޤީން އެހުރިހާ މަންޒަރެއް ބަލާކަށް ބޭބެއަކު ނުންނާނެކަން، ކޮންމެ ގޮތަކުންވިޔަސް ބޭނުންވަނީ މިކަންތައް ކުރިއަށްދިޔަ ނުދީ ހުއްޓާލާކަންނު، އަސްމާ، މީއަހަރުމެންނަށް ކުރެވެންއޮތް ހަމައެކަނި ކަމަކީ” ޒަބާ އާއި އަސްމަހާނު އެކުގައި އައިސް ބަދިގެ ފަރާތަށް ވަނެވެ.
“މަންމާ…” ކާމޭޒުދޮށުގައި ވާހަކަފޮތެއް ހިފައިގެން އެކަނިމާއެކަނި ކާންއިން ރީޝަމަށް ޒަބާމެންފެނުމުން ގޮވާލިއެވެ.
“ރީޝް” ޒަބާއަށް ކުޑަ ސިހުމެއްލިބިގެންދިޔައެވެ. އެމީހުން ދައްކަމުންއައި ވާހަކަ ރީޝަމްއަށް ހިސާބަކަށް އަޑުއިވޭނޭކަން ޒަބާއަށް އެނގެއެވެ. އެހެންނަމަވެސް އޭނާ ރީޝަމްއަށް އެއްވެސް ކަމެއް އަންގާކަށް މަސައްކަތެއް ނުކުރިއެވެ. އޭގެ ބަދަލުގައި އޭނާ ރީޝަމްއަށް ބާރުއެޅީ އަބަދު ގޭގައި ނީނދެ ބޭރަށް ނުކުމެލާ ހެދުމަށެވެ.
“ރީޝް، ޑިފީއަށް ނުގުޅާތީއޭ އެހާދުރުދުރުން އެއުޅެނީ، ތިހެން އުޅެގެން އެއްގޮތަކަށް ވެސް ކަމަކު ނުދާނެ، ތިދެކުދިންގެ ކައިވެނިކުރަން ވިސްނާއިރު ރީޝް ވެސް ވާނެ އިސްނަގައިގެން ޑިފީއާއިއެކު ވަގުތު ހޭދަކުރަން، ނިކަން އޭނާއަށް ގުޅާ އުނދަގޫކޮށްބަލަ، އަބަދު ފަހަތުގައި ޖައްސާފައި ހުރެބަލަ، ދޯ ޒަބާ، މިދެކުދިން ކުޑައިރު ވެސް އުޅުނީ އެހެންވިއްޔާ، އެކަކު އަނެކަކުގެ ހިޔަނިފެންނަހިސާބުގައި އަބަދު އުޅޭނީ، ކިހާވަރަކުން އަހަރުމެން މިދެމީހުން ވަކިކުރަންޖެހުނީ” އަސްމަހާނު ކާމޭޒުކައިރި ގޮނޑީގައި އިށީންނަމުން ރީޝަމްއަށް ބުނެލިއެވެ.
“ތެދެއް ދަރިފުޅާ، ތިހެން ހުރެގެން ޑިފީއެއް ނާންނާނެ، މިހާރު ޑިފީ ވެސް އެހުރީ ބޮޑުވެފައި، އޭނާގެ ފަހަތުން ދަރިފުޅު އުޅެންވާނީ، ކައިގެންގޮސް ޑިފީއަށް ގުޅާލައްޗޭ، ވާނެ ޝަކުވާކޮށްލަން… ހެ ހެ ހެ” ޒަބާ ހީނލިއެވެ. އަސްމަހަނާއި ޒަބާގެ ވާހަކަހުރީ ރީޝަމްއަށް ބާރުދޭފަދަ ގޮތަކަށެވެ. ވީވެސް އެހެންނެވެ. ރީޝަމްގެ ހިތަށް ހަމަޖެހުމެއްލިބިގެންދިޔައެވެ. އައު ހިތްވަރަކާއިއެކު ޝަދަފަށް ގުޅާ އޭނާގެ ފަހަތުން ނުނެއްޓި އުޅުމަށް އޭނާ ނިންމިއެވެ. އޭނާގެ މަންމަ އެބުނާފަދައިންނެވެ. ޝަދަފުގެ ހިތްއަތުލެވޭނީ އެގޮތަށްނަމަ އޭނާ އެކަން ވަރަށް ފުރިހަމަކުރަން ބޭނުންވެއެވެ.
އެނދުގައި އޮށޯވެލައިގެން އޮތް ޝަދަފުގެ ސިކުނޑިއަށް ލިބިފައިވާ ހާސްކަން ކުޑައެއްނުވިއެވެ. އޭނާ ވިސްނަމުންދިޔައީ ސަމަރު ދެއްކިވާހަކަތަކާއިމެދުއެވެ. އެކަމުން ސުވާލުއުފެދެނީ އަމިއްލަ މަންމައާ މެދުއެވެ. އެންމެކަންބޮޑުވަނީ އެހެންވެއެވެ. ނިތްކުރީގައި އަތްބާއްވާލައިގެން ފިކުރުކުރަން އޮއްވައި އޭނާގެ ފޯނަށް އައީ ހާމިޒުގެ ކޯލެކެވެ. އަވަސް އަވަހަށް ތެދުވެ އެނދުގައި އިށީންނަމުން ފޯނުކޯލަށް ޖަވާބުދިނެވެ. ހާމިޒު އޭނާއާ އިރުއޮއްސޭއިރު ބައްދަލުކޮށްލަން ބުނެފައި އޮތްކަން ޝަދަފު ހަނދާންވީދެނެވެ. އޭނާ އަވަސް އަވަހަށް ލައިގެންހުރި ޓީޝާޓު ބާލައި އަލަމާރިން ގަމީހެއް ގަޔަށް ހެޔޮވަރުކޮށްލުމާއިއެކު ލޯގަނޑުން އަމިއްލަ ސޫރަ ބަލާލިއެވެ. އަދި ގަޔަށް ބޮޑީސްޕްރޭ ފުޅިން ސްޕްރޭކޮށްލުމާއިއެކު ގަމީހުގެގޮށްތައް އަޅުވަމުން ކޮޓަރިން ނުކުތެވެ.
“މަންމާ، ކިހިނެއްވީ؟” ޝަދަފު ސުވާލުކޮށްލީ، ސިޑިން ފައިބައިގެން ބޮޑުކޮޓަރިތެރެއަށް ނުކުން ވަގުތު ބޭރުންވަދެގެން އައި އަސްމަހާނަށް އޭނާފެނި ސިއްސައިގެން ދިޔުމުންނެވެ.
“ކަމެއްނުވޭ، ގޭތެރެއެހާ ހަމަހިމޭންކޮށްއޮވެފައި ކުއްލިއަކަށް މީހަކު ނުކުންތައްފެނުނީމާ މަންމަ ސިހުނީ، ދަރިފުޅު ބޭރަށްދަނީތަ، އިޒޫ މެންގެއަށްތަ؟” އަސްމަހާނު ޖެހިލުންވެފައިހުރިކަން ފޮރުވަމުން އަހާލިއެވެ.
“ނޫން، މީހަކާ ބައްދަލުކޮށްލަން މިދަނީ، އަންނާނަން ރޭގަނޑު ކެއުމުގެ ވަގުތުޖެހުމުގެ ކުރިން” ޝަދަފު އޭނާގެ މަންމައަށް ކުރި ވަޢުދުގެ މަތިން ހަނދާންހުރިކަން އަސްމަހާނަށް އަންގާލި ކަހަލައެވެ. އަދި އިތުރު އެއްޗެއް ނުބުނެ އޭނާ ގެއިން ނުކުމެގެންދިޔައެވެ.
“އިޒޫ، ޝަދަފުގެ ގާތުގައި އެއްވެސް ވާހަކައެއް ނުދައްކަނީ، ދެއްކިނަމަ އެގޮތަކަށް އޭނާ ނުހުންނާނެ، ހިތްހަމަނުޖެހޭނެކަން ޔަޤީން، އެހެންވީމާ ޒަބާ ބުނިހެން އެދެމީހުން ދުރުކުރެވިދާނެ” ޝަދަފު ނުކުމެގެން ދިޔަ މަންޒަރު ބަލަން ހުރި އަސްމަހާނުގެ ހިތަށްއެރިއެވެ.
* * * *
ހާމިޒު އިނީ އޭނާ ކުއްޔަށް ހިފާފައިހުރި ކޮޓަރި ހުންނަގެޔާއި ޖެހިގެންހުރި ކެފޭގައެވެ. ތަނުގެ ދަތިކަމުން އެތަނަށް އަރަން ޝަދަފަށް އުނދަގޫތަކެއް ކުރިމަތިވިއެއްކަމަކު އޭނާ އެއްވެސް އެއްޗެއް ނުބުނެއެވެ. އެއްފަރާތުގައި ހުރި މޭޒުގެ ދޮށުގައި ހާމިޒުއާ ކުރިމަތިވާނޭ ގޮތަށް އިށީނެވެ.
“ބޭބެ އަޅުގަނޑާ ބައްދަލުކޮށްލަން ބޭނުންވަނީ އަނެއްކާ ކިހިނެއްވީތޯ، އިޒޫގެ ކައިވެނީގެ ކަންތަކާތޯ، މަންމަ ދުނިޔޭގައި ހުންނެވިއިރު އަޅުގަނޑު މަންމަގާތު ބުނިން ކައިވެންޏާމެދު އެއްވެސް ވަރަކަށް މަންމަ ހާސްވެލައްވާކަށް ނުޖެހޭނެއޭ، އަޅުގަނޑު ހުރިހާ ޚަރަދެއް ބަލަހައްޓާނަން، އެކަން އިޒޫއަށް އެނގޭނެ” ޝަދަފު އޮޅުންފިލުވައިދިނެވެ.
“ތިވާހަކަދައްކާކަށްނޫން ޝަދަފު މިގެނައީ، އެކަމަކު ތިކަން އެނގުނުކަން ރަނގަޅު، އަހަރެންގެ އަތުގައި ޢިޒްވާގެ ކައިވެނިޕާޓީ ބާއްވާނެހާ ރުފިޔާއެއްނެތް، އަހަރެންނަކީ އާދައިގެ މަސްވެރިއެއް، ޢިޒްވާގެ މަންމައަށް ބޭސްކުރުމަށް އެތަށް މީހަކަށް ދަރާވިކިފައިހުރި މީހެއް، އެކަމުން މިންޖުވާނޭ މަގެއް ފަހިވެފައި އޮތީ އަހަރެން މާލެ އައިއިރު، އެކަމަކު ފަރުޝާގެ ހާލުހުރިގޮތުން އެވާހަކަ އެދެމައިންނާ ދެއްކޭގޮތެއް ނުވި، ރަށުގައި ހުރި އެންމެ ބޮޑު ވިޔަފާރިވެރިޔާ، ޖަވާހިރު ސޭޓުވަނީ އެދަރަނިތައް ދައްކައިދޭން އެއްބަސްވެފައި، އެކަމަކު…” ހާމިޒު ވާހަކަ މަޑުޖައްސާލިއެވެ. ޝަދަފުގެ މޫނުމަތިން ފެންނަ ކުލަވަރުތައް ބަލާލުމަށެވެ.
“އެކަމަކު ކިހިނެއްވީ، އޭނާ ބަދަލުގައި ކަމެއް ބޭނުންވަނީ ދޯ” ޝަދަފު ކަންބޮޑުވެ ހާސްވިއެވެ.
“އާން! ޝަދަފަށް ވެސް އެނގޭނެ މިޒަމާނުގައި ހިލޭ ސާބަހަށް ކަންކަން ކޮށްދީ ހާދާމީހުނެއްނޫޅޭކަން” ހާމިޒުގެ މަޅީގައި ޝަދަފު ޖެހެމުންދާތަން ފެނި އޭނާ އިނީ އެތެރެއެތެރޭން ހިނިތުންވެލައިގެންނެވެ.
“ތިބުނާ ސޭޓަކު ބޭނުންވަނީ ކޮންކަމެއް؟” ޝަދަފު ކެތްތެރިކަން ކުޑަވެފައި އިނދެ އަހާލިއެވެ.
“ޢިޒްވާ… ޢިޒްވާއާ ކައިވެނިކުރަން، އަހަރެން ޢިޒްވާ ގާތު މިވާހަކަދެއްކުމުގެ ކުރިން ޝަދަފުގާތު ދެއްކުން ރަނގަޅުވާނޭ ހިތަށްއަރާފައި މިބުނީ، އަނެއްކާ ތިޔައިގެ ދެކުދިން ތިޔައުޅެނީ ކައިވެނިކުރަންތާ، ޢިޒްވާގެ ހުރިހާކަމެއް ބަލަހައްޓަން ހުންނާނެ މީހަކީ ޝަދަފަށްވާނޭތީވެ، ޝަދަފު ހިތްހަމަނުޖެހެންޏާ މީ ނުދައްކާ ވާހަކައެއް، އަހަރެން ޢިޒްވާއަށް ހުރިހާ ވާހަކައެއް ކިޔައިދޭނަން، އަހަރުމެން ނިކަމެތިންގެ ދިރިއުޅުމުގައި މިކަހަލަ ކަންކަމާ ކުރިމަތިލާންޖެހޭ ފަހަރު މަދުން ނަމަވެސް އަންނަކަން އެހެންމީހުންނަކަށް ނުވިސްނޭނެ… މިއަދު ފަރުޝާ ވެސް ދުނިޔެއަކުނެތް، ދަރިތައްދައްކަން ޖެހޭނީ އަހަންނަށް، އެކަމަކު އަހަރެންގެ އެހާ ފެންވަރެއްނެތް، އަހަރެންގެ ވެސް އަންބަކާއި ކުދިން އެބަތިބި، އަހަންނަށް އެނގޭ ޢިޒްވާއަށް މިކަން އެނގޭއިރަށް އޭނާ ގޮތެއް ހޯދާނޭކަން” ހާމިޒުގެ ވާހަކަ އަޑުއަހާކަށް އިތުރަށް ޝަދަފަށް ކެތެއްނުވިއެވެ.
“ނޫން! ނޫން! އިޒޫ ގާތު އެއްވެސް ވާހަކައެއް ބުނާނެކަމެއްނެތް، ބޭބެ ބުނުއްވިހެން އިޒޫގެ ކަންތައްތައް އަޅުގަނޑަށް ބެލެހެއްޓެންވާނެ، އަޅުގަނޑު ފައިސާ ހަމަޖައްސަފާނަން، ކިހާ ވަރެއް ދޭންޖެހިފައި އޮތީ” ޝަދަފު އަވަސްއަރުވާލަފައި ބުންޏެވެ.
ދަރަނީގެ އަދަދު ތިރީސްހާހާއި ސާޅީސްހާހާއި ގާތްކުރާނެކަމަށް ހާމިޒު ބުނުމާއިއެކު ޝަދަފަށް ހިންދިރުވާލެވުނެވެ. އޭނާއަކީ މުއްސަނދި ޢާއިލާއަކުން އައިސްފައިވާ ޒުވާނެއްކަމަކު، ފައިސާ ހުންނަނީ އޭނާގެ އަތުގައި ޖެހޭ ހިސާބަކު ނޫނެވެ. ހުރިހާ ޚަރަދެއް ބަލަހައްޓާ ބަޔަކީ އޭނާގެ މައިންބަފައިންނެވެ. ޝަދަފު އެއްޗެއް ނުބުނެ އިންނަން ފެށުމުން ހާމިޒު ވާހަކަދެއްކިއެވެ.
“ފަރުޝާ ގޮވައިގެން ރާއްޖޭން ބޭރުގައި އުޅެންޖެހޭތީވެ އެހާބޮޑު އަދަދެއް ޚަރަދުވީ، ޝަދަފަށް ނުދެވެންޏާ ބޭބެއަށް އެންމެ ރަނގަޅު” ހާމިޒު ބޭނުންވީ ޝަދަފުގެ ވިސްނުންހުރިގޮތެއް ބަލާލުމެވެ. އޭނާ ބުނި އަދަދަށް ފައިސާ ލިބޭނެތޯ ޔަޤީން ކުރުމެވެ.
“އަޅުގަނޑަށް ދެދުވަސްވަރުދީ، އޭރުން ޔަޤީންކޮށް ޖަވާބެއްދޭނަން، ފައިސާ ހަމަޖައްސައިދޭނަން، އިތުރުކަމެއްނެތިއްޔާ އަޅުގަނޑު ދިޔަޔަސް އެންމެ ރަނގަޅުތޯ” ޝަދަފުގެ ހާސްކަން ފޮރުވަމުން ހާމިޒުއަށް ބުންޏެވެ. ހާމިޒު ބޯޖަހާލުމުން ޝަދަފު ތެދުވެގެން އެތަނުން ނުކުންނަން ހިނގައިގަތެވެ.
ފޫހިކަމާއިއެކު އެނދުމަތީ އަރިއަކަށް އޮށޯވެލައިގެން އޮތް ޢިޒްވާގެ ގާތުގައި ސަމަރު އައިސް އިށީނެވެ. އަދި އިރުކޮޅަކު އަނގައިން ނުބުނެ ބަލަހައްޓައިގެން އިނީ ޢިޒްވާއަށް އެކަން ފާހަގަވޭތޯއެވެ. ނަމަވެސް ހީކުރިގޮތަށް ނުވުމުން ސަމަރު ވާހަކަދައްކަން ފެށިއެވެ.
“ތީދެން ކޮންކަމެއް، ރީތިކޮށް ޝަދަފު ގާތު ހުރިހާ ވާހަކައެއް ބުނީމަ ނިމުނީނު، އަހަރެން ބޭނުމެއްނޫން އިޒޫ ބޭކާރު ގޮތުގައި ފިކުރުބޮޑުވެފައި ތިހެން އޮންނާކަށް، މިރޭ އަހަރެން މިއުޅެނީ ގެއަށްދާންވެގެން، އޭރުން އަދި ނޭނގެ އިޒޫ އުޅޭނީ ކިހިނެއްކަމެއް ވެސް” ސަމަރު ކަންބޮޑުވުމުގެ ނަޒަރަކުން ޢިޒްވާއަށް ބަލަންއިނެވެ.
“ޝަދަފުގެ މަންމަމެންނަކީ ކޮންކަހަލަ ބައެއްތަ، އަހަރެން ކިހިނެއް ޝަދަފު ގާތު އޭނާގެ މަންމަމެންގެ ޝަކުވާ ކުރާނީ، ސަމަރް، އަހަންނަކަށް ނުކެރޭނެ، އޭނާ އަޑުއަހަން ބޭނުންވަންޏާ ސަމަރު ގާތު އައިސް އަހާނެޔޭ އަހަރެންގެ ހިތްބުނަނީ” ޢިޒްވާ މަޑުމަޑުން ތެދުވެ އެނދުގައި އިށީންނަމުން ބުންޏެވެ.
“ދެން އެނގިދާނެތާ، އެކަމަކު ބުނަން، އަހަންނަށް ފެންނަނީ އިޒޫ ގޭގައި ނޯވެ އޮފީހަށް ނުކުންނަން ފަށަން، އޭރުން ހާސްވެގެން އުޅޭކަށް މާގިނަވަގުތެއް ނުވާނެ” ސަމަރުގެ ޚިޔާލަށް ޢިޒްވާ ވެސް ތާއީދުކުރިއެވެ. އޭނާ ވެސް ބޭނުންވަނީ ގެއިން ބޭރަށް ނުކުމެލާނެ ފުރުޞަތެކެވެ. އެންމެ ފަސޭހައިން އެފުރުޞަތު އޭނާއަށް ފަހިވާން އޮތީ އޮފީހުންނެވެ.
ރޭގަނޑުގެ ކެއުމުގައި ޝަދަފު ބައިވެރިވިއެއްކަމަކު އޭނާގެ މޫނުމަތިން އުފާވެރިކަމެއް ނުފެނެއެވެ. އެތަންފެނި އަސްމަހާނުގެ މޫނުމަތިން ކޮންމެވެސް ވަރެއްގެ ހާސްކަމެއް ފާޅުވެގެންދިޔައެވެ. ކައިނިމިގެން ފަހަރަކު ކުއްޖަކު ކާމޭޒު ކައިރިން ދުރަށް ދާންފެށުމުން އަސްމަހާނު، ޝަދަފަށް ގޮވާލިއެވެ.
“ދަރިފުޅަށް ބަދަލުތަކެއް އައިސްފައި ހުރިހެން ހާދަ ހީވެޔޭ، އޭރު ގެއިން ނުކުމެގެން ދިޔައިރު ވެސް ހުރީ ވަރަށް ހަމަޖެހިފައި” އަސްމަހާނު މިހެން ބުނުމާއިއެކު ޝަދަފު އިސްއުފުލާ ބަލާލިއެވެ.
“މަންމާ، އަޅުގަނޑުގެ އެކައުންޓުގައި ހުރި ފައިސާއަކީ އަޅުގަނޑުގެ އަމިއްލަ އެއްޗެއް ދޯ، އޭގެން އަޅުގަނޑު ބޭނުންކަމެއް ކުރިޔަސް އެންމެ ރަނގަޅުތޯ” ޝަދަފު އަހާލިއެވެ.
“އެއީ ދަރިފުޅަށް ބައްޕަ ޖަމާކޮށްދެއްވާފައި ހުރި ފައިސާ، އެކަމަކު ބޭކާރުގޮތުގައި ފައިސާ ޚަރަދުކުރާކަށް ނުވާނެއެންނު” އަސްމަހާނު ހައިރާންވެފައި އިނދެ ބުންޏެވެ. އޭނާއަށް ޝަދަފު ކުރަންއުޅޭކަންތައް ނޭނގޭތީ ސީދާ ޖަވާބެއް ދޭން ވަރަށް އުނދަގޫވިއެވެ. ޝަދަފުގެ ފައިސާއިން އޭނާ ކުރަންއުޅޭކަމެއް އެނގެން އަސްމަހާނު ބޭނުންވިއެވެ.
“ބޭކާރުގޮތުގައި ޚަރަދުކުރާކަށް ނޫޅެން، ވަރަށް ބޮޑުކަމެއް ނިންމާލަން މިމަސައްކަތްކުރަނީ، ޢިޒޫ އާއި މެރީކުރުމުގެ ކުރިން، އެހެންވީމަ އަޅުގަނޑުގެ އެކައުންޓުން އެކަމަށް ބޭނުންވާ ފައިސާ މާދަމާ ނަގަންކަމަށް މިއުޅެނީ” ޝަދަފު ބުންޏެވެ. އަސްމަހާނަށް ފާޅުގައި ދެކޮޅު ހަދާކަށް ނުކެރުނެވެ. އެހެންނަމަވެސް އޭނާގެ ބޮލުގައި ރިއްސާލީ ނުބައި ގޮތަކަށެވެ.
މެންދުރު ހިނގާދިޔަ ކަންތައްތަކާއިމެދު ޝަދަފު ވިސްނަން އެނދުގައި އޮތެވެ. އޭނާއަށް ޢިޒްވާއާ ދުރުގައި ހުންނަން ފަސޭހަކަމަކަށް ނުވިއެވެ. އަނެއްކޮޅުން ޢިޒްވާ ރޯތަން ބަލާކަށް ވެސް ޝަދަފު ބޭނުމެއްނޫނެވެ. ދެޚިޔާލެއްގައި ހުރެ ޝަދަފު އައިސް ޢިޒްވާގެ އެޕާޓްމެންޓުގައި ޓަކިޖެހިއެވެ. ގިނައިރެއްނުވެ ދޮރުހުޅުވާލީ ޢިޒްވާއެވެ. ޝަދަފު ފެނުމުން އޭނާގެ ހިތްއަވަސްވާގޮތްވިއެވެ. އެތެރެއަށް ޝަދަފު ވަދެގެން އައުމުން ވެސް ޢިޒްވާ އެއްވެސް އެއްޗެއް ނުބުންޏެވެ. ޝަދަފު ވެސް ވާހަކަދެއްކުމުގެ ބަދަލުގައި ޢިޒްވާއަށް ބަލާލިއެވެ. ދެޒުވާނުންގެ މެދުގައި ހިމޭންކަން ވެރިވެގެންދިޔައެވެ. ޢިޒްވާ އެޕާޓްމެންޓުގެ ދޮރު ލައްޕާލުމާއިއެކު ދޮރުފަތުގައި ލެނގިލައިގެން މަޑުކޮށްލައިގެން ހުރީއެވެ.
“ސަމަރް ކޮބާ” ވަށައިގެން ހޯދާލާފައި ޝަދަފު އެހިއެވެ.
“ގެއަށް ދިޔައީ” ޢިޒްވާ އިސްއުފުލާލުމެއްނެތި ބުންޏެވެ. ހީވަނީ އޭނާއަށް ޝަދަފާއި ހަތަރުކަޅި ހަމަކުރަން ނުކެރެނީ ހެންނެވެ. އިރުކޮޅަކު އަނގައިން ނުބުނެ ހުރެފައި ޝަދަފު ޢިޒްވާގެ އަތުގައި ހިފާ އޭނާ އާއި ދިމާލަށް ގެނެސް އެއަތުގެތެރެއަށް ލިއެވެ. އަދި ލޯތްބާއިއެކު ޢިޒްވާގެ ގައިގާ ބައްދާލިއެވެ.
“މާދަމާ އިޒޫ އާއި ކައިވެނިކުރަން ފޯމު ނަގަން، ނަވާލު އެކަން އަހަންނަށް ކޮށްދޭނަމޭ ބުނި، އިޒޫ އެއްވެސް ކަމަކާ ނުވިސްނައްޗޭ، އަހަރެން މިހިރީ އިޒޫއާއެކު، އަހަރެން ނޫޅެން އިޒޫ ދޫކޮށްލާކަށް، އަދި އެކަކަށް ވެސް މިކައިވެންޏެއް ނުހުއްޓުވޭނެ” ޝަދަފުގެ ދުލުން އިވުނު ބަސްތަކުން ޢިޒްވާގެ ހިތަށް ހަމަޖެހުން ލިބިގެންދިޔައެވެ. އެހެންނަމަވެސް އޭނާ އަދިވެސް ބިރުގަނެވެ. އަސްމަހާނުމެން އެކައިވެނިވިޔަ ނުދިނުމަށްޓަކައި ކުރެވެންއޮތްކަމެއްވިއްޔާ ކުރާނެހެން ޢިޒްވާއަށް ހީވަނީއެވެ.
“އިޒޫ އެކަނި ނިދޭނެތަ؟ އަހަރެން މަޑުކުރަންތަ އިޒޫއާއެކު” ޝަދަފު، ޢިޒްވާ ދުރުކޮށްލަމުން އަހާލިއެވެ.
“ނޫން! އެއީ އެހާ ރަނގަޅުކަމެއްނޫން، ކައިވެނި ނުކުރެވެނިސް ދެމީހުން އެހާ ގާތްވެގެން އުޅެނިކޮށް ހިނގައިގެންނުވާނެ ފަދަ ކަމެއް ހިނގާފާނެ، އެހެންވީމަ އެންމެ ރަނގަޅުވާނީ ޝަދަފު ވެސް ގެއަށް ދިޔައްޔާ، އަހަންނަށް އެކަނި އޮވެ ނިދޭނެ” ޢިޒްވާ ގަދަކަމުން ހިނިތުންވެލަން މަސައްކަތްކުރިއެވެ.
“އަހަންނަކަށް ނުނިދުނު، އިޒޫ މަތިން ހަނދާންވަނީ، މިހާރު ބޭނުމެއްނުވޭ އެކަނި އޮންނާކަށް” ޝަދަފު ބުންޏެވެ.
“އެހެންވިޔަސް ދެންދޭ، ޝަދަފަށް އެނގޭނެ ތިހެންގާތްވެގެން އުޅޭއިރު އަހަންނަށް ވެސް ޝަދަފުގެ ޢަމަލުތައް ނުހުއްޓުވޭނެކަން، ސޯ ޕްލީޒް، ދެންދޭ ނިދަން، މިތަނުގެ އެހެން އެޕާޓްމެންޓުތަކުގައި އުޅޭ މީހުން ހިތަށްއަރާނީ ކީކޭ، އަހަރެން އެޕާޓްމެންޓަށް ފިރިހެނުން ވައްދައިގެންނޭ އުޅެނީ، ކައިވެނިކުރެވެންދެން ވެސް އަބުރުވެރި އަންހެނެއްގެ ގޮތުގައެންނު ހުންނަންވާނީ” ޢިޒްވާ މިހެންބުނުމުން ޝަދަފު ލުއިގޮތަށް ހީނލިއެވެ. އަދި ކުޑަކޮށް ގުދުވެލަމުން ޢިޒްވާގެ ނިތްކުރީގައި ބޮސްދީފައި އެޕާޓްމެންޓުން ނުކުންނަން ހިނގައިގަތެވެ.
ނިދާފައި އޮތް ޝަދަފަށް ހޭލެވުނީ އޭނާގެ ފޯނު ރިންގުވާއަޑަށެވެ. ލޯއުނގުޅާލާފައި ފޯނުގެ އިސްކުރީނަށް ބަލާލިއިރު ނަވާލު ފަސްފަހަރަށް ގުޅައިފިއެވެ. ޝަދަފު އަވަސް އަވަހަށް އެނދުންތެދުވިގޮތަށް ނަވާލަށް ގުޅިއެވެ. އަދި އޭނާ ތައްޔާރުވަނީ ކަމުގައި ބުންޏެވެ. އެއަށްފަހު ޝަދަފުގެ ހަރަކާތްތައް ހުރީ ވަރަށް އަވަސްކޮށްލާފައެވެ. ތައްޔާރުވެނިމުނުއިރު އަނެއްކާ ވެސް ނަވާލު ގުޅައިފިއެވެ. އޭރު އޭނާ ހުރީ އެގޭގެ ބޮޑުކޮޓަރިތެރޭ ޝަދަފުގެ އިންތިޒާރުގައެވެ. ނަވާލު ފެނުމާއިއެކު ހިނިއައިސްފައި އައިސް އޭނާ އާއި ސަލާމްކޮށްލިއެވެ.
“ސޮރީ، ވަރަށްލަހުން ރޭގައި ނިދުނީ” ޝަދަފު ބުންޏެވެ.
“ބޭންކަށް ދާވާހަކަ ބުނެފައި އޮތީމަ، ކޮންމެކޮންމެ ގަޑިއަކު އެތަން ހުޅުވާފައެއް ނުހުންނާނެ އެންނު، އެހެންވެ އެވަރަށްގުޅީ، ދެތިން ދުވަސް މިދިޔައީ ޝަދަފުގެ ޚަބަރެއްނުވެ، ކިހިނެއްތަ ކަންތައްތައް، ކޮންއިރަކުން މެރީކުރަނީ، އެކަމަށްތަ ފައިސާ ނަގަން ތިއުޅެނީ” ނަވާލު އަހާލިއެވެ.
“ތިހެންވެސް ބުނެވިދާނެ، އަހަރެން މިހުންނަނީ ފާޑަކަށް ބޯގޮވާފައި، ކޮންމެވެސް ކަންތައްގަނޑެއް އެބަހިނގާހެން އަހަންނަށް ހީވަނީ، އިޒޫ ވެސް ވަރަށް ތަފާތު، އޭނާގެ ބެސްޓު ފްރެންޑު ސަމަރު އެނގެއެންނު ދޯ، އޭނާ ވެސް ހުންނަނީ އަހަރެންދެކެ ރުޅި އައިސްފަހެން ހީވަނީ” ޝަދަފު ކާރުގެ ސީޓުގައި ހަމަޖެހިލަމުން ބުންޏެވެ. ނަވާލަށް އަޑުއިވުނު ވާހަކަތަކުން އޭނާ ވަރަށް ބޮޑަށް ހައިރާންވިއެވެ. އޭނާއަށް ޤަބޫލުކުރެވުނު ގޮތުގައި ޢިޒްވާ ވެސް ޝަދަފުދެކެ ވަރަށް ލޯބިވެއެވެ. އަދި ޝަދަފާއި ކައިވެނިކުރަން އޭނާ ވެސް ބޭނުންވެއެވެ. ވީއިރު އެދެމެދުގައި ކުންޏެއް ޖެހޭވަރުގެ ކަމަކަށް ހިނގީ ކޮންކަމެއްކަން އެނގެން ޚުދު ނަވާލު ވެސް ބޭނުންވިއެވެ.
“ކީއްވެހެން ހީވަނީ އިޒޫ ބަދަލުވީ، ސަމަރު ރުޅިއަންނާނި ކޮންމެވެސް ކަމެއް ވެގެންތާ، ޝަދަފަށް ކަމެއްކުރެވުނީތަ، އަޅެ ވިސްނާލަބަލަ، އެމީހުން ނުގަބޫލުކަމެއް ކުރެވުނުތަ، އަހަންނަށް ތަންކޮޅެއް ތަފްޞީލުކޮށް ތިވާހަކަތައް ކިޔައިދީބަލަ، އިޒޫއަކީ ގޯސްކުއްޖެއްނޫން، އެހެންވީމަ އޭނާ ޝަދަފު ނޫން މީހަކާ ގުޅޭކަށް ނުވިސްނާނެ” ނަވާލު މިހެންބުނެ އަވަސް ނަޒަރެއް ޝަދަފަށް ދިނެވެ. ޝަދަފު ހުރިހާ ވާހަކައެއް ކިޔައިދޭން ފެށިއެވެ. އޭނާގެ މަންމަ ޢިޒްވާއާ ބައްދަލުކުރިފަހުން އައިސްގެން އުޅޭ ބަދަލުތަކެއް ކަމުގައެވެ. ސަމަރު ވެސް ރުޅިއައީ އެދުވަހަށް ފަހުގައި ކަމެވެ. އަދި ހާމިޒު، ޢިޒްވާ ރަށަށް ގެންގޮސް އެހެންމީހަކާ ދެވެންއުޅޭކަން ވެސް ޝަދަފު، ނަވާލަށް ކިޔައިދިނެވެ. އެހިސާބުން ކަންތައްތައް ވަރަށް ގޯސްވެއްޖެކަން ނަވާލަށް ވަގުތުން އެނގުނެވެ.
“ކީއްވެތަ ޝަދަފު، ސަމަރުއާ ވާހަކަނުދެއްކީ، ނޫނީ އޭނާ ބުނާއެއްޗެއް އަޑުނޭހީ، މޭބީ ފަހަރެއްގައި ސަމަރުގެ ވާހަކަ އަޑުއަހާލުމުން ވެސް ވަރަށް ގިނަކަންތައްތަކެއް އޮޅުންފިލާފާނެހެން ހީވޭ، ދެން އަނެއްކާ ޢިޒްވާ އޭނާގެ އެބޭބެދެކެ އެހާ ލައިކެއްނުވޭ، ފެމެލީވިޔަސް އެގޮތަކަށް ނޫން އޭނާ ހާމިޒުއަށް ބަލާއިރު ބަލަނީ، ސޯ ދެޓް މީންސް، ހާމިޒު ދޮގު ވެސް ހަދާފާނެއޭ… ޝަދަފު، ވަރަށް ވިސްނާފައި ނޫނީ ފައިސާ ހަވާލުނުކުރަން އަހަންނަށް ފެންނަނީ، އިހަށް ފައިސާ ނުނަގާ، އިޒޫ ރޯންވީ ސަބަބެއް ހޯދަންވީނު، އެކަން އެނގޭނީ ކިހިނެއްކަން އެނގެއެންނު” ނަވާލު ކުއްލިއަކަށް މަގުގެ އެއްފަރާތެއްގައި ކާރު މަޑުކޮށްލަމުން ބުންޏެވެ.
“ސަމަރު، އޭނާއަށް އެނގޭ، އެކަމަކު އޭރުން ހާމިޒު، އޭނާގެ ބާރު އިޒޫގެ މައްޗަށް ހިނގާނެ” ޝަދަފު ކަންބޮޑުވިއެވެ.
“އެކަމާ ހާސްނުވޭ، އިޒޫ ބޭނުންނޫން ކަމެއް ހާމިޒަކަށް ނުކުރެވޭނެ، އެހެންވީމަ ބުނޭ، ކޮންތާކަށް ދާންވީ، ބޭންކަށްތަ ނޫނީ ސަމަރުމެން ގެއަށްތަ” ނަވާލު އަހާލިއެވެ.
“ސަމަރް… ސަމަރްމެންގެއަށް ހިނގާ، އެކަމަކު އޭނާ ފަހަރެއްގައި އޮފީހުގައި ވެސް ވެދާނެ” ޝަދަފު މިހެން ބުނުމުން ނަވާލު ޚިޔާލުދިނީ ސަމަރްއަށް ގުޅުމަށެވެ. ޕާކިން ޒޯނެއްގައި ކާރު ޕާކުކޮށްލައިގެން ތިބެ ޝަދަފު، ސަމަރްއަށް ގުޅިއެވެ. އެގެއަށްނުގޮސް ގުޅުނުކަން ނަސީބެކެވެ. ސަމަރު ހުރީ އޮފީހުގައެވެ. ޝަދަފު ވަރަށް އާދޭސްކޮށްފައި މާފަށްއެދެމުން އޭނާގެ މަންމަމެން އައިދުވަހު ހިނގާދިޔަ ކަންކަން ކިޔާދިނުމަށް ސަމަރުގެ ގާތުން އެދުނެވެ. ސަމަރު ފުންނޭވާއެއްލީ އަޑުއިވިފައި އޭނާ އެއުޅެނީ ވަރަށް ބޮޑުވާހަކައެއް ބުނަންހެން ޝަދަފަށް ހީވިއެވެ. ވީވެސް އެހެންނެވެ. އިވުނު ވާހަކަތަކުން ޝަދަފުގެ ދެލޯބޮޑުކޮށްލެވުމާއިއެކު ޖެހިގެން އިން ސީޓުގައި އިން ނަވާލަށް ބަލާލެވުނެވެ. ހަމައެވަގުތު ދެބުމަގޮއްޖަހާލަމުން މޫނުމަތިން ރުޅިވެރިކަން ފާޅުވެގެންދިޔައެވެ.
“ކަމެއްގޯސްވީ ދޯ، ކާކު ތިދޭތެރެއަށް ވަންނަން މަސައްކަތްކުރީ” ޝަދަފުގެ ފޯނުކޯލު ނިމުމާއިއެކު ނަވާލު އަހާލިއެވެ.
“ކިހިނެއް ނަވާލަށް އެނގުނީ އަހަންނާ އިޒޫއާ ދެމެދަށް މީހަކުވަންނަން އުޅޭކަން” ޝަދަފު ހައިރާންވެފައި އަހާލިއެވެ.
“އާންމުކޮށްވާގޮތްވީމަ، ކައިވެނިކުރަން ހުރިހާކަމެއް އެހާ އޮމާންކޮށް ދަނިކޮށް ފަނިވަނީ މީހެއްގެ ސަބަބުން” ނަވާލު ބުންޏެވެ.
“ނަވާ، އަހަރެން ބުނީމަ ޤަބޫލު ވެސް ނުކުރެވޭނެ، އެންމެކުޑަމިނުން އަހަރެންގެ ހިތަށް ވެސް ނާރާ އަހަންނާ ދެކޮޅަށް އަހަރެންގެ އެންމެ ގާތްމީހުން ރާވަފާނެއޭ” ޝަދަފު އިސްޖަހާލާފައި ދެފަރާތަށް ބޯހޫރާލިއެވެ.
“ހަމަޖެހިލައިގެން ދޯ ވާހަކަދައްކާނީ، ހިނގާ ސައިބޯން” ނަވާލު ބޭނުންވީ ހަމަޖެހިލައިގެން ތިބެ ވާހަކަދައްކާށެވެ. އަނެއްކޮޅުން އޭނާ އަދި ހެނދުނު ސައިނުބޮއެވެ. ޝަދަފުގެ ވާހަކަތައް އެހާ އަވަހަށް ނުނިމޭނެކަން ވެސް އެނގެއެވެ. އެހެންވެ ކާރުގައި މިސްރާބުޖެހީ އެމީހުން އާންމުކޮށްދާ ރެސްޓޯރެންޓާ ދިމާލަށެވެ.
“ހޫމް! ދެންކިޔައިދީބަލަ” ހެނދުނުގެ ބުފޭއިން ތަށިތަކަށް ކާއެއްޗެހި އަޅައިގެން އައިސް މޭޒުގެ ދޮށުގައި އިށިން ނަވާލު ބުންޏެވެ. އޭރު އޭނާ އާއިއެކު ޝަދަފު ވެސް މޭޒުގެ އަނެއްފަރާތުގައި، އޭނާއާ ކުރަމަތިވާގޮތަށް ހުރި ގޮނޑީގައި އިށީނދެއްޖެއެވެ. އަދި ސަމަރު ކިޔައިދިން ވާހަކަތައް ނަވާލަށް ކިޔައިދިނެވެ. އޭނާގެ މޫނުމަތިން ފޫހިކަން ފާޅުވަމުންދިޔައިރު ކުރިމަތީ ހުރި ކާއެއްޗެއްސަށް އެއްވެސް ޝައުގެއް ނެތެވެ. ގެނައި ކޮފީތަށި ދެފަހަރެއްގެ މަތިން ތުނބުގައި ޖަހާލާފައި ވެސް، ފޫހިގޮތަކަށް އެވެސް ބެހެއްޓީއެވެ. ނަވާލަށް އެކަންކަން ފާހަގަކުރެވުނެއްކަމަކު ޝަކުވާއެއް ނުކުރިއެވެ.
“ބައެއްފަހަރު ފައިސާ ގިނަވުމަކީ މީހުންގެ ވިސްނުން ކޮރޮޕްޓްވާކަމެއް، އަހަންނަށް ވެސް ކުރިން ވިސްނެނީ ޝަދަފުގެ މަންމަމެން އެވިސްނާގޮތަށް، އެކަމަކު އަހަރެންގެ މައިންބަފައިންނަކީ ވަރަށް ތަފާތު ޚިޔާލުތަކެއް ގެންގުޅޭ ބައެއް، އަސްލު އެއީކަންނޭނގެ ކަންއޮންނަންވާނެ ގޮތަކީ، އަހަރެންގެ މަންމަ އަހަރެންގެ ބޭބެއަށް ހިޔާރުކުރީ ވަރަށް އާދައިގެ އަންހެން ކުއްޖެއް، އެކަމަކު އޭނާ އަހަރެންގެ މުޅި ޢާއިލާ ބަދަލުކޮށްލައިފި، ރީތި އަޙުލާގަކީ ފައިސާއަށްވުރެ އަގުބޮޑު އެއްޗެއްކަން އަހަންނަށް ވިސްނައިދިން، ޝަދަފުގެ މަންމަމެނަށް ވެސް އަދި ވިސްނޭނެ، އިޒޫއަކީ ރަނގަޅު ކުއްޖެއްނަމަ އޭނާއަށް އެމީހުންގެ ހިތްއަތުލަން އެނގޭނެ، މީގަ މުހިންމީ ޝަދަފު ރަނގަޅު ގޮތެއް ވިސްނާ އެގޮތަށް ކަންތައްކުރުން، މައިންބަފައިން ރުއްސަން އަމިއްލަ ދިރިއުޅުން ގުރުބާން ކުރުމަކުން ރަނގަޅު ނަތީޖާއެއް ނުނިކުންނާނެ، އިޒޫ ހުންނާނީ ހަދާނެގޮތެއް ނޭނގިފައި، ހުރިހާ ނިންމުމެއް ނިންމަންޖެހޭނީ ޝަދަފަށް، އެއީ ޝަދަފު ނިންމާ ކޮންމެ ނިންމުމަކަށް ޢިޒްވާ ބޯލަނބާނެ، އޭނާ ޤަބޫލުކުރާނެ” ނަވާލުގެ ވާހަކަ ނުނިމެނިސް ޝަދަފު ކުއްލިއަކަށް ވާހަކަދެއްކިއެވެ.
“އަހަރެން ބޭނުން އިޒޫއާ ކައިވެނިކުރަން، އިޒޫއާ ނުލާ އަހަންނަށް ހަމަޖެހުމެއްނުލިބޭނެ” ޝަދަފު ފުންނޭވާއެއް ބޭރުކޮށްލިއެވެ.
“ދެން ކީއްކުރަން ލަސްކުރަނީ، އަހަރެން މިއަދު މީހަކާ ގުޅާނަން، އޭރުން ދެތުންދުވަހެއްގެ ތެރޭ ތިކަންވެދާނެ، ދެން އޮތް ސުވާލަކީ ޝަދަފު، އިޒޫ އާއި ކައިވެނިކުރާއިރު ބޮޑު ހަފްލާއެއް ބާއްވާނެހޭ، ނޫނީ ކިހިނެއްހޭ އެކަން ކުރާނީ” ނަވާލު ކުޑަކޮށް ވިސްނާލާފައި ބުންޏެވެ.
“މަންމަމެން އެހާ ދެކޮޅު އިރު، ޕާޓީއެއްވެސް ނޫން ބޭއްވޭނީ، އަހަރެން ބޭނުމެއްނޫން އިޒޫ އަހަރެންގެ ގެއަށް ގެންދާކަށް ވެސް… ދެން ނޭނގެ، ހާދަ ބައިވަރު ކަންތައްތަކެކޭ، ހިތަކަށްނާރާ މިހާ ކޮމްޕްލިކޭޓެޑް ވެދާނެއެކޭ، ނަވާ، އަހަރެން ބައްޕައާ ވާހަކަދައްކާނަން، ބައްޕަގެ ޚިޔާލު ހުރިގޮތެއް އެނގުނީމާ ދެން ކުރިއަށްދާން އެނގޭނީ، އެކަމަކު ކައިވެންޏަށް ތައްޔާރުވުމުގެ ގޮތުން ކުރަންޖެހޭ ކަންކަން ކުރިއަށް ގެންގޮސްދީ، ކަމެއް ބޭނުންވަންޏާ އަހަންނަށް ގުޅާލާ” ޝަދަފު ވިސްނަވިސްނާފައި ވާހަކަދެއްކިއެވެ.
“މައްސަލައެއްނެތް، ކޯޓުގައި އުޅޭ ގާޒީއެއް އެއީ، އޭނާއާ ވާހަކަދައްކާލާފައި ގުޅާނަން، އައި.ޑީ ކާޑާ ފޮޓޯ ބޭނުންވާނެ، ރެޑީކޮށްލާފައި ބާއްވާ، ދެން ބުނަން، ތިހާ ބޯހާސްނުވޭ، ހުރިހާކަމެއް އިރާދަކުރެއްވިއްޔާ އޯކޭ ވެދާނެ، އަހަންނަށް ވެވެން އޮތް ހެލްޕެއްވިއްޔާ ވާނަން، ދެން ހިނގާ ދަމާދޯ، އޮފީހުގައި މީޓިންނެއް ވެސް އެބައޮތް، އަހަރެންގެ ބައްޕަ ދުރުވާނެ އެމީޓިންނަށް، އެހެންވީމަ ލަސްނުވެ ދާންވާނެ އެންނު” މިހެންބުނެ ނަވާލު ހީނލިއެވެ. ޝަދަފު ވެސް ހީނލަން މަސައްކަތްކުރިއެވެ.
ގޭތެރެއަށް ވަދެގެން އައި ޝަދަފަށް ލިބުނީ ކުއްލި ހައިރާންކަމެކެވެ. ބޮޑުކޮޓަރިތެރޭގައި ރަސަލްގެ ޢާއިލާ ތިބީމައެވެ. އެތަނުގައި ހުރި ރީޝަމް ދުވެލާފައި އައިސް ޝަދަފުގެ ގާތުގައި ހުއްޓުނެވެ.
“ޑިފީ، ބާބިކިއު ހަދަން ހުޅުމާލެއަށްދާން މިއުޅެނީ، އަސްމައްތަ ބުނެފި ޑިފީގެ ކާރު އެކޮޅުގައި އޮންނާނެއޯ، އައުކާރުގައި އަހަރެން ގޮވައިގެން ދުއްވާލަން އަދި ނުދަމެންނު، ކިހާ މަޖާ…” ރީޝަމްގެ ވާހަކަ ފުރިހަމަނުވަނިސް ހިތްހަމަނުޖެހިފައި ހުރިގޮތަކަށް ރީޝަމްއަށް ބަލާލަމުން ޝަދަފު ވާހަކަދެއްކިއެވެ.
“އަހަރެން ވަރަށް ބިޒީ، ތިކަމުގައި ބައިވެރިވެވޭކަށްނެތް” ޝަދަފު މިހެންބުނުމާއެކު މައްޗަށް އަރަންހުރި ސިޑިއާ ދިމާލަށް ހިނގައިގަތެވެ. ރީޝަމްއަށް ހުއްޓުން އަރާފައި ހުރެވުނީއެވެ. އޭނާގެ ފަހަތުން އައި އީޝާ އަތުގައި ހިފާލުމާއިއެކު ރީޝަމް ކުޑަކޮށް ސިހުނެވެ.
“ކިހިނެއްވީ؟” އީޝާ އަހާލިއެވެ.
“ޑިފީއަށް ކިހިނެއްވީ، ވަރަށް ބޭޑް މޫޑެއްގައި ހުރިހެން ހީވަނީ” ރީޝަމްއާ ޝަދަފު ވާހަކަދެއްކިގޮތުން އޭނާ ވެސް ހުރީ ހިތްހަމަނުޖެހިފައެވެ.
“ކީކޭ ޑިފީ ބުނީ، މިތާ މަޑުވެސްކޮށްނުލާ ހާދަ އަވަހަކަށް އެދިޔައީ” ސޯފާގައި އިން ޒަބާ އަހާލިއެވެ. އެއާއިއެކު އެންމެންގެ ނަޒަރު ރީޝަމްއަށް ހުއްޓިއްޖެއެވެ.
“ޑިފީ އެހާ ދާހިތަކުންނޫންކަންނޭނގެ ހުރީ” ރީޝަމްއަށްވެސް މިހެންބުނެލެވުނީ ފޫހިކަމާއެކުއެވެ. އެއާއިއެކު ޒަބާއަށް ބަލާލެވުނީ އަސްމަހާނަށެވެ.
“ނޭނގެ، ހެނދު ބޭރަށްދިޔަގޮތަށް އެއައީ، ޔަޤީނުންވެސް އެގެއަކުންނޫން އެއައީ” އަސްމަހާނުގެ ގާތުގައި ޒަބާ އައިސް މަޑުކޮށްލުމުން ސިއްރުސިއްރުން ބުނެލިއެވެ.
“ރީޝަމް، އާދެބަލަ… ދަރިފުޅާ، ދޭބަލަ ޑިފީއާ ވާހަކަދައްކަން، ތިހެން ހުރެގެންނުވާނެ އެއްކަމެއްވެސް، ޑިފީ ދާންބޭނުންނުވާ ސަބަބު އޮޅުންވިލުވަބަލަ، ފަހަރެއްގައި ދަރިފުޅު ގޮސް ވާހަކަދައްކާލަނިކޮށް ދާން އެއްބަސްވެދާނެ” ޒަބާ، ރީޝަމްއަށް ގޮވާލާފައި އޭނާގެ ގާތަށް ގެނެސްފައި ބުންޏެވެ.
ޒަބާ އާއި އަސްމަހާނު އެދުނުގޮތަށް ރީޝަމް، ޝަދަފުގެ ކޮޓަރިއަށް އައިސް ވަނެވެ. އޭރު އެނދުގައި އިށީނދެލައިގެން ޝަދަފު އިންއިރު އޭނާގެ އިނީ ކަކުލުގައި އުޅަންބޮށި ވިއްދާލައިގެން ބޮލުގައި ހިފަހައްޓާލައިގެންނެވެ. ރީޝަމް ވަންއަޑަށް ކުއްލިއަކަށް ޝަދަފު ދޮރާދިމާލަށް ބަލާލާފައި ކޮޅަށްތެދުވިއެވެ.
“ކީއްކުރަން ތިއައީ، އަހަރެން ބުނެފީމެންނު ބާބިކިއުއަކަށް ނުދާނަމޭ” ޝަދަފު ހަރުކަށި ރާގެއްގައި ބުނެލިއެވެ.
“ކޮންކަމަކާ ހިތްހަމަނުޖެހިގެންތަ ތިއުޅެނީ، ރީޝްއަށް ކަމެއްކުރެވުނީތަ، އެހެންވެއްޖެއްޔާ ވެސް ބުނީމަތާ އެނގޭނީ، ތިހެން ޑިފީ ރުޅި އައިސްފައި ހުއްޓަސް ނޭނގޭނެ” ރީޝަމް އައިސް ޝަދަފުގެ ކުރިމަތީ ހުއްޓިލަމުން ހަޝަމްބަދެލިއެވެ. އޭނާގެ ހަރަކާތުން އެތަނުން ނުދާނަމޭ ބުނާކަހަލައެވެ.
“މިވަގުތު އަހަރެން ބޭނުންވަނީ އެކަނިވެލަން، ޕްލީޒް، ރީޝް މިތަނުންދޭ” ޝަދަފު ރުޅިމަޑުކުރަން މަސައްކަތްކުރަމުން ބުނެލިއެވެ. އެއާއިއެކު އިރުކޮޅަކު މަޑުކޮށްލައިގެން ޝަދަފަށް ބަލަންހުރެފައި ރީޝަމް އެކޮޓަރިން ނުކުމެގެން ދިޔައެވެ. ފުންނޭވާއެއް ބޭރުކޮށްލި ޝަދަފު އުއްޑުން އެނދުމައްޗަށް ވެއްޓިގަތެވެ. އޭނާ ނަވާލު ބުނިހެން ކަންތައްތައް ކުރިއަށް ގެންދާނެގޮތަކާއިމެދު ވިސްނަން ފެށިއެވެ.
ހުރިހާ ކަމެއް ތައްޔާރުވީ މެންދުރުފަހު ދޭއްޖަހަން އުޅެނިކޮށެވެ. ޝަދަފުގެ ޚަބަރެއް ނުވެގެން އަސްމަހާނު، އަމޯރާ އެކޮޓަރިއަށް ފޮނުވިއެވެ. ޝަދަފު ގާތު ބޮޑުކޮޓަރިތެރެއަށް އައުމަށް އެންގުމުގެ ގޮތުންނެވެ. އަސްމަހާނު ބޭނުންވީ ޝަދަފުގެ ނުރުހުމުގައިވިޔަސް އޭނާ ގޮވައިގެން ހުޅުމާލެއަށްދާށެވެ. ބޭނުމަކީ ކުޑަވަގުތުކޮޅަކަށް ނަމަވެސް ޢިޒްވާގެ އަތްފޯރާފަށުން ޝަދަފު ގެންދިއުމެވެ. ތަރަފް އާއި ރަސަލް ފިޔަވައި ޢާއިލާގެ ދެންތިބި މެންބަރުން ބޮޑުކޮޓަރިތެރޭގައި ވާހަކައިގައި ތިއްބެވެ. އެތަނަށް އައިސް މަޑުކޮށްލި ޝަދަފުގެ މޫނުމަތިން އަދިވެސް ފެންނަނީ ނުރުހުމުގެ އަސަރުތަކެވެ. އޭނާ އަސްމަހާނާ ހަތަރުކަޅި ހަމަކޮށްލަން ވެސް ބޭނުމެއްނުވިއެވެ. އެހެންވެ އިސްޖަހާލައިގެން ހުއްޓާ އަސްމަހާނު ވާހަކަދައްކަން ފެށިއެވެ.
“ޝަދަފު، ކިހިނެއްތަ ތިއުޅެނީ، ޢާއިލާތެރޭގައި ބާއްވާކަންތައްތަކުގައި ބައިވެރިވާންވާނެ އެންނު، ކީއްވެތަ ނުދާންވީ، މަންމައަށް ޤަބޫލުކުރެވޭވަރުގެ އުޒުރެއް ދައްކަބަލަ” އަސްމަހާނު ބުންޏެވެ.
“ޑިފީ، ދެން ބޮޑާނުހާކާ ދޮންމެންނާއެކު ހިނގާބަލަ” އީޝާ ބުނެލިއެވެ.
“ޢާއިލާ ކަމެއްވިއްޔާ އަޅުގަނޑު އިޒޫ ގޮވައިގެން ހިނގައިދާނަން، މިހާރު އޭނާ ވެސް ވާނީ މިޢާއިލާ ކުއްޖަކަށްނު” ޝަދަފު ވަރަށް ވިސްނަން ހުރެފައި ބުނެލިއެވެ. އެއަޑުއިވިފައި އެންމެންގެ މޫނުމަތިން ސިހިފައިތިބިކަމުގެ އަސަރު ފާޅުވެގެންދިޔައެވެ.
“އިޒޫއޭ، އެއީ ކާކު؟ ބަލާބަލަ، ނުވެސް ބުނެ ހުރެ ކަމެއްކޮށްލީ ދޯ، އެއީތަ މިގެއަށް ޑިފީ ގެންނަން އުޅޭ ކުއްޖަކީ، އަވަހަށް ގެނޭ، އޭރުން އަހަރުމެންނާ ބައްދަލުވާނީ ވެސް” އީޝާ ހެވިފައި އިނދެބުންޏެވެ.
“ނޫން، ޢާއިލާގެމެންބަރަކަށްވީމާ ޢާއިލާގެ ކަންތައްތަކުގައި ބައިވެރިވާނީ، އަދި އޭނާއަކީ މިޢާއިލާ މީހެއްނޫން، ޝަދަފު، ތަންކޮޅެއްބޮޑުވަރު ކަންނޭނގެތީ، އިތުރު އެއްވެސް ވާހަކައެއްނުދައްކާ އަހަރުމެންނާއެކު ހިނގާދާން، ލީވާން، އުސައިދުގާތު ބުނެގެން ކާރުތައްޔާރުކުރޭ، އަހަރުމެން މިތިބީ ދާންތައްޔާރަށް، ޝަދަފުޖެހޭނީ ދާން” އަސްމަހާނު ހަރުކަށިކޮށް ބުނެލިއެވެ. އޭނާ ހުރީ ޢިޒްވާގެ ނަން ޝަދަފު ގެނައުމުން ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައެވެ. އެހެންނަމަވެސް އަސްމަހާނުގެ ނިންމުން އަޑުއިވުމާއިއެކު ޝަދަފު ވަގުތުން މަޑުކުރުމެއްނެތި ގެއިން ނުކުމެގެން ދިޔައެވެ. އޭރު އަސްމަހާނާއި އީޝާ އޭނާއަށް މަޑުކުރުމަށް އެދި ގޮވަމުންދިޔައެވެ.
“ވަޓްސް ހެޕެނިންގ…. މަންމާ، ޑިފީ ކުއްޖަކާ ރައްޓެހިވީތަ، ކޮންކުއްޖެއްތަ، ކިހިނެއްތަ ވެގެންމިއުޅެނީ” އީޝާ ކަންބޮޑުވެފައި އަސްމަހާނަށް ބަލާލިއެވެ. އޭރު އެތަނުގައި އެމީހުންގެ ތެރޭގައި ބަސްހުއްޓިފައި ރީޝަމް ހުއްޓެވެ. ޝަދަފު އެބުނާ އަންހެން ކުއްޖެއްދެކެ އޭނާ ހަޤީޤަތުގައި ވެސް ލޯބިވަނީ ރީޝަމްއަށް އެނގުނެވެ. އެހެންނޫންނަމަ އަސްމަހާނުގެ ކުރިމަތީގައި އޭނާއަށް އެފަދަ ގޮތަކަށް ކަންތައްކުރާކަށް ނުކެރުނީހެވެ. ނަމަވެސް ހަޤީޤަތް އެނގި ސާފުވުމުން ރީޝަމްގެ ހިތަށްކުރި އަސަރު ބޮޑުވިއެވެ. ދެލޮލުން ކަރުނަ ފާއްދާލިއެވެ. ވަގުތުން ދެއަތުން މޫނު ފޮހެލާކަމަށް ހަދާފައި ދެލޯ ފޮހެލިއެވެ. އަދި އެއްފަރާތަކަށް ޖެހިލީ އެންމެންދައްކާ ވާހަކަތަކުން އެކަހެރިވެލުމުގެ ގޮތުންނެވެ.
އެޕާޓްމެންޓަށް ވަން ޝަދަފު ކުއްލިއަކަށް ޢިޒްވާގެ އަތުގައި ހިފާ ދަމައިގަތުމާއިއެކު ބާރަށް ބައްދާލިއެވެ. ވާނުވާނޭނގިފައި ހުރި ޢިޒްވާ ކަންބޮޑުވެފައި ވީގޮތެއް އޮޅުން ފިލުވަން ސުވާލުކުރަންފެށިއެވެ.
“އިޒޫ، މީގެ ފަހުން އެކަކުބުނާ އެއްވެސް އެއްޗެއް އަޑުނާހާތި، އަހަންނަށް އިތުބާރުކުރޭ، މިކައިވެންޏާ ބަޔަކު ދެކޮޅުވިޔަސް އަހަރެން މިކައިވެނި ނުކުރާނެ އެއީ ނެތްގޮތެއް، އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް އަހަރުމެންގެ ކައިވެނި ކުރެވޭނެ، ނަވާލު އެކަން ކުރިއަށް އެބަގެންދޭ، އަހަންނަށް ހުރިހާ ކަމެއް އެނގިއްޖެ” ޝަދަފު މިހެންބުނެ ޢިޒްވާ ދުރުކޮށްލިއެވެ.
“ޝަދަފު… އަހަރެން ޝަދަފު ނޫންމީހެއްގެ އަނތްބަކަށް ދުވަހަކު ވެސް ނުވާނަން” ޢިޒްވާ ލޯތްބާއިއެކު ބުނެލިއެވެ. ޝަދަފު، ޢިޒްވާގެ ކޯތާފަތުގައި ފިރުމާލާފައި އޭނާ ގޮވައިގެން އައިސް ސޯފާގައި އިށީނެވެ. އަދި އަސްމަހާނުމެން ރޭވިރޭވުން ސަމަރު ކިޔައިދިން ވާހަކަ އާއި ހާމިޒުގެ ވާހަކަތައް ޢިޒްވާއަށް އޮޅުންފިލުވައިދިނެވެ. ދެމީހުންނަށް ވެސް ޢާއިލާވަނީ އޮޅުވާލާފައެވެ. ދެމީހުންނަށް ވެސް ޢާއިލާގެ ނުފޫޒުމިވަނީ ފޯރާފައެވެ. ހުރިހާ ކަމެއް އެނގުމުން ޝަދަފަށާއި ޢިޒްވާއަށް ހިތްހަމަޖެހުން ލިބުނެވެ.
ލޯންޗުގައި އިން އަސްމަހާނުގެ ގާތުގައި ޒަބާ އިނދެ ވާހަކަދައްކަމުންދިޔައެވެ. އޭނާ އަސްމަހާނަށް ޚިޔާލުދެމުންދިޔައީ އިތުރަށް މަޑުނުކޮށް ޢިޒްވާގެ ބޭބެއާ ވާހަކަދެއްކުމަށެވެ. އަދި ތަރަފްގެ ގާތުގައި ހުރިހާ ވާހަކައެއް ކިޔައިދިނުމަށެވެ. އަސްމަހާނު މަޑުމަޑުން އިނދެ ބޯޖަހަމުންދިޔައީ ފިކުރުބޮޑުވެފައި އިންފަދަ ގޮތަކަށެވެ. ލޯންޗުގެ އަނެއްފަރާތުގައި އިށީނދެގެންތިބި އީޝާ އާއި ލީވާންގެ ނަޒަރު ހުއްޓިފައި ހުރީ އަސްމަހާނަށާއި ޒަބާއަށެވެ. އެމީހުން އޭނާއަށް ސިއްރުކުރަނީ ކޮންކަމެއްބާއޭ ހިތައް އަރާފައެވެ.
“ޑިފީ އަނެއްކާ ކީއްކޮށްގެންބާ އެއުޅެނީ، އަހަންނަށް ވަރަށް ހީވޭ މަންމަމެން ނުގަބޫލުކުއްޖަކާ ގުޅިގެން އުޅެނީހެން” އިޝާ މަޑުމަޑުން ލީވާންއާ ގާތަށް ބޯއަރިކޮށްލާފައި ބުންޏެވެ.
“އޭނާ އަންހެން ކުއްޖެއްގެ ކަންތައްކުރާހެން ތަންކޮޅެއް ކުރިން އަހަންނަށް ހީވެފައި އޮތީ، އެކަމަކު ހިތަކަށްނާރާ މަންމަމެން ނުރުހޭވަރުގެކަމެއް ކުރާނޭހެން، އީޝް، އެންމެ ރަނގަޅުވާނީ އަހަރުމެން އެކަމުގެ ތެރެއަށް ނުވަނުން” ލީވާން އޭނާގެ ޚިޔާލު ފާޅުކޮށްލިއެވެ.
ބާބިކިއު ތައްޔާރުވެނިމުނީ އިރުއޮއްސެން އުޅެނިކޮށެވެ. އެހެންނަމަވެސް ރިޝާމް އެންމެނާ ބައިވެރިވެ އުޅޭތަނެއްނުފެނެއެވެ. އޭނާ އެކަހެރިކޮށް އެސަރައްޙައްދުގައި ބަހައްޓާފައި ހުރި ހިލަގަނޑެއްގެ މަތީ އިށީނދެލައިގެން އިނީ ހަޝަމްބަދެލައިގެން އެއްފަރާތުން ފެންނަން އޮތް މޫދަށް ނަޒަރުހުއްޓާލައިގެންނެވެ. ސިކުނޑީގައި އެނބުރެމުންދިޔައީ ޝަދަފު އޭނާގެ ގާތުގައި ބުނި ބަސްތަކެވެ. ހިތަށްލިބެމުންދިޔަ ވޭން ކުޑަކުރުމަށްޓަކައި ކުރެވޭނޭ ކަމެއް އޭނާއަށް ނެތުމުން ވަކިންބޮޑަށް މާޔޫސްވެފައި ވެއެވެ.
ޢާއިލާއާ ބައިވެރިވުމަށް ތަރަފް އާއި ރަސަލް އައީ ހުރިހާކަމެއް ތައްޔާރުވީފަހުންނެވެ. ރަސަލްއަށް އޭނާގެ ދަރިފުޅުގެ މިލާފައިވާ މޫނުމައްޗާ އެދަރިފުޅުގެ އެކަހެރިކަން ފެނި ޒަބާއާ ސުވާލުކުރިއެވެ.
“ރަސަލް، ވަރަށް ބޮޑު ވާހަކައެއްދައްކަން ވެފައި އެބައޮތް” ޒަބާ، ރަސަލްގެ އަތުގައި ހިފައިގެން އެއްފަރާތަށް ޖެހިލުމާއިއެކު ބުންޏެވެ. އަދި ޝަދަފުގެ ވާހަކަތައް ރަސަލްއަށް ކިޔައިދިނެވެ. އެއާއިއެކު ރަސަލްގެ ނިތަށް ރޫޖެހިގެންދިޔައީ ލިބުނު ހިތްހަމަނުޖެހުމުގެ ސަބަބުންނެވެ.
“އެހެންކިހިނެއްވާނީ، ރީޝް ބޭނުންވަނީ ޝަދަފާ ކައިވެނިކުރަން، އަނެއްކޮޅުން އެދެކުދިންގެ ކައިވެނި މާކުރިންވެސް އޮތީ ހަމަޖެހި ނިމިފައި، އޭނާ ޖެހޭނީ އެކަން ހުއްޓާލަން، ހަމަ މިރޭ އަހަރެން ތަރަފްއާ އެވާހަކަދައްކާނަން، އޭނާ އަހަރެންގެ ވާހަކަ އަޑުއަހާނެ، އޭނާ ވެސް ބޭނުންވަނީ އަހަރުމެން ދެޢާއިލާ ގުޅެން، ރީޝް ދެރަވާވަރުކަމެއްވިޔަ ނުދޭނަން، އޭނާ ޝަދަފު ބޭނުންވަންޏާ އޭނާއަށް ޝަދަފު ހޯދައިދޭނަން” ރަސަލް މިހެންބުނެ ދަތްތައްބާރުކޮށްލަމުން ފުންނޭވާއެއްލިއެވެ. އަދި އަނެއްކާވެސް އެކަހެރިކޮށް އިން ދަރިފުޅާ ދިމާލަށް ބަލާލަމުން އެދިމާލަށް ހިނގައިގަތެވެ.
އަސްމަހާނު ކާއެއްޗެހި އަޅައިގެން އައި ތަށި ތަރަފްއަށް ދިއްކޮށްލިއެވެ. އެހިނދު ތަރަފްގެ ސުވާލުތައް އަސްމަހާނަށް އަމާޒުކުރިއެވެ. އޭނާ އެތަނަށް އައީއްސުރެން ޝަދަފުގެ ނުފެންނާތީއެވެ. ފުރަތަމަ އެއްޗެއް ނުބުނަން ހުއްޓެއްކަމަކު ތަރަފްގެ އެކިއެކި ސުވާލުތަކަށް ޖަވާބެއްނުދީ ހުރުމަކީ އޭނާއަށް ކުރެވޭނޭކަމެއްނޫންވީމާ ވާހަކަދައްކަން ފެށިއެވެ. އަދި ކަންބޮޑުވެފައި ހުރެ ކަންތައްހިނގާދިޔަ ގޮތް ތަރަފްއަށް އޮޅުންފިލުވައިދިނެވެ.
“ތިހިސާބަށް ކަންތައްދިޔައިރު އަސްމާ ކީއްވެތަ އަހަރެން ގާތު ނުބުނީ، ޝަދަފަކީ އަދި ކުޑަކުއްޖެއް، އޭނާއަކަށް ނޭނގޭނެ ރަނގަޅު ހަރުދަނާ ނިންމުންތަކެއް ނިންމާކަށް، އަނެއްކާ މާލެ އައިތާ އަދި ނުވޭ ގިނަދުވަހެއް، އަސްމާ އަހަރެން ގާތު ތިވާހަކަ ބުނިލެއްލަހީ، މިހާރު ތިކަން ހުއްޓުވަން ވަރަށް އުނދަގޫވާނެ، އަސްމާއަށް ވެސް އެނގޭނެ އަހަރެން ރަސަލްއަށް ޔަޤީންކަން ދީފައި މިހިރީ، ޝަދަފާއި ރީޝަމްގެ ކައިވެނި ކުރެވޭނޭކަމުގެ، އެކަމުގެ ވާހަކަތައް އަހަރުމެން ދައްކަމުން މިދަނީ ވެސް، ކައިވެނި ބާއްވާނެތަކާއި، އެކުދިން ހިތްހަމަޖެހޭނޭގޮތަކާއިމެދު މިއަދުވެސް މަޝްވަރާކުރިން…. ދެންކީކޭ ބުނާނީވެސް” ތަރަފްގެ މޫނުމަތިން ހާސްކަން ފެނިގެންދިޔައެވެ. އޭނާ ވަގުތުން ޖިންސުގެ ޖީބުން ފޯނުނަގާ ޝަދަފަށް ގުޅިއެވެ.
“ކޮންތާކު، އާން! އެންމެން މިކޮޅުގައި އުޅޭއިރު ޝަދަފު ބައިވެރިނުވުމަކީ ބައްޕަ ހިތްހަމަޖެހޭ ކަމެއްނޫން، ކޮމްޕެނީ ލޯންޗު އޮންނާނެ ޓާރމިނަލާ ދިމާލުގައި، ވީއެންމެ އަވަހަކަށް މިކޮޅަށް އާދޭ” ތަރަފް އަމުރުވެރިގޮތަކަށް ބުންޏެވެ. ފޯނުގެ އަނެއްކޮޅުން ވާހަކަދައްކި ޝަދަފަށް އެއްވެސް ބަހަނާއެއް ދައްކާކަށް ނުކެރުނެވެ. ތަރަފް އެނދުނުގޮތަށް އޭނާ ކަންތައްކުރިއެވެ.
ބާބިކިއު ސަރަހައްދަށް ވައްދާލި ކާރުގައި އެންމެންގެ ތޫނު ނަޒަރުތައް އަޅައިގަތެވެ. އެކިދިމަދިމާލުގައި އެއްވެފައި ތިބި ގުރޫޕުތަކުގައި ތިބި ޒުވާންކުދިން ޝައުގުވެރިވެފައި ތިބީ އެކާރުން ފައިވަނީ ކާކުތޯ ބެލުމަށެވެ. ޝަދަފު ކާރުގެ ދޮރުފަތްހުޅުވާލާފައި އޭގެން ފޭބުމުން ތަރަފް އޭނާއާ ދިމާލަށް އައެވެ. ހަމައެއާއިއެކު ތައްޓެއްހިފައިގެން އަސްމަހާނު އައިސް ޝަދަފަށް ދިއްކޮށްލީ ހިނިތުންވެލަމުންނެވެ. ދަރިފުޅު ފެނުމުން އޭނާ އުފާވިއެވެ.
“އެއްވެސް އެއްޗެއް ބޭނުމެއްނޫން” ޝަދަފު، އަސްމަހާނާ ނަޒަރު ސީދާކޮށްލުމެއްނެތި ބުނެލިއެވެ. އެހިނދު ތަރަފް، އަސްމަހާނުގެ އަތުގައި އޮތް ތަށިނެގުމަށްފަހު ދަރިފުޅުގެ ބުރަކަށީގައި އަތްޖައްސާލަމުން ހިނގައިގަތެވެ. އަދި އެތަށި ޝަދަފަށް ދިއްކޮށްލިއެވެ. މިފަހަރު އެތަށީގައި ނުހިފާ ހުންނާކަށް ޝަދަފަކަށް ނުކެރުނެވެ.
“ދަރިފުޅާ، ކައިވެނިކުރަން ބޭނުންވަނީތަ، ބައްޕަމެން ދަރިފުޅުގެ ކައިވެނި ހަމަޖައްސާފައި އޮންނާނީ، ބައްޕަ ރަސަލް އަންކަލް ގާތު ބުނިން ޝަދަފާ، ރީޝަމްގެ ކައިވެނިކުރެވޭނެކަމަށް، އެއީ ބައްޕަ ވެސް ބޭނުންވާގޮތް، ރީޝަމްއަކީ ކިޔަވައިގެން ހުރި ރަނގަޅު ކުއްޖެއް، އަނެއްކާ ދަރިފުޅަށް ވެސް ރީޝަމްކަމުދޭ، އެކަން ބައްޕައަށް އެނގޭ، ތިދެކުދިންނަކީ ކުޑައިރުގެ ވެސް ދެރަޙުމަތްތެރިން، ބައްޕަ އުންމީދުކުރަން ބައްޕަ ލަދުގަންނަވަރުކަމެއް ދަރިފުޅު ނުކުރާނެކަމަށް” ތަރަފް މަޑުމައިތިރިކަމާއި ވާހަކަދެއްކިއެވެ.
“ބައްޕާ، ރީޝް ގޯސް ވާހަކައެއް އަޅުގަނޑު ނުބުނަން، އަޅުގަނޑުމެން ދެމީހުންނަކީ ރަޙުމަތްތެރިންކަން ވެސް ޤަބޫލުކުރަން، އެކަމަކު އަޅުގަނޑު ރީޝްދެކެ ލޯތްބެއްނުވޭ، އަޅުގަނޑު އިންނަން ބޭނުންވަނީ ޢިޒްވާއާ، އޭނާއަކީ ވެސް ކިޔަވައިގެން ހުރި ރަނގަޅުކުއްޖެއް، މަންމައަށް މައްސަލައެއްކަމަށްވީ އިޒޫއަކީ އަޅުގަނޑުމެން ކަހަލަ ފައިސާވެރިއަކަށް ނުވީމަ، ކޮންމެހެން ހުރިހާ މީހުންނަކީ ފައިސާވެރިންނަށްވާންޖެހޭތަ؟ ޕްލީޒް ބައްޕާ، އަޅުގަނޑަށް އިޒޫ ނޫންކުއްޖަކާ ކައިވެނިކުރަން މަޖުބޫރުނުކުރައްވާ، އަޅުގަނޑު ރީޝްއާ ކައިވެނިކުރިޔަސް ހުންނާނީ އުފަލުންނެއްނޫން” ޝަދަފު އާދޭސްކުރާފަދަ ގޮތަކަށް މިހެންބުނެ ތަރަފްއަށް ބަލާލިއެވެ.
“ދަރިފުޅަކަށް އަދި ނޭނގޭނެ ރަނގަޅުގޮތްނިންމާކަށް، މިހާރު ތިހެންބުންޏަސް، ރީޝަމްއާ ދަރިފުޅުގެ ކައިވެނިކުރެވުނީމަ ތިވިސްނުން މުޅިން ބަދަލުވެދާނެ، އޭރުން ރީޝަމްދެކެ ދަރިފުޅު ލޯބި ވެސް ވާނެ” ތަރަފް ދެންވެސް ވާހަކަދެއްކީ ޝަދަފު ބޭނުންވާގޮތާއި ދެކޮޅަށެވެ.
“ނޯބޮޑީއަންޑަސްޓޭންޑް މީ، އަޅުގަނޑަކީ ނުވިސްނޭވަރު ކުޑަކުއްޖެއްނޫނޭ ބައްޕާ، އަޅުގަނޑަކަށްނު އެނގޭނީ އަޅުގަނޑު ބޭނުންވާގޮތް” ޝަދަފު ހިތްހަމަނުޖެހިފައި ދެބުމަކައިރިކޮށްލިއިރު އޭނާގެ މޫނުމަތިން ހިތާމަވެރިކަން ވެސް ފާޅުވެގެންދިޔައެވެ. މައިންބަފައިންނާ ދެކޮޅުވުމަކީ އޭނާ އެއްގޮތަކަށް ވެސް ބޭނުންވާގޮތެއްނޫނެވެ. އެހެންނަމަވެސް އޭނާގެ އަމިއްލަ ހައްޤުތަކަށް އޭނާ ނޫން މީހަކު އަޑުއުފުލާކަށް ނެތެވެ. ޢިޒްވާދެކެ އޭނާ ވާލޯތްބަށް އިންސާފުކުރާކަށް އެހެންމީހަކަށް ނޭނގޭނެއެވެ. ތަރަފް އާއި ދުރަށް އަތިރިމައްޗަށް ޝަދަފު ހިނގައިގަތެވެ.
“ޑިފީ…” ރީޝަމްގެ އަޑު ޝަދަފުގެ ކަންފަތުގައި ޖެހުމުން ފަސްއެނބުރި ބަލާލިއެވެ. އޭރު އޭނާގެ ދާދި ގާތުގައި އައިސް ރީޝަމް ހުއްޓެނީއެވެ.
“ރީޝް، އައި އެމް ސޮރީ، އަހަންނަކަށްނެތް ރީޝްއާ މެރީ ކުރެވޭކަށް، އަހަރެން އިޒޫދެކެ ވަރަށް ލޯބިވޭ، މުޅިދުނިޔެ އަހަންނާދެކޮޅަށް ތެދުވިކަމުގައިވިޔަސް އަހަރެން އިޒޫ ދޫކޮށެއްނުލާނަން” އިސްޖަހާލައިގެން ހުރެ ޝަދަފު ބުންޏެވެ.
“ޑިފީ، ތިހާވަރަށް އިޒޫދެކެ ލޯބިތިވަނީ އަނެއްކާ ދުރުނުވޭވަރުކަމެއް ތިދެމެދުގައި ހިނގީތަ، މިބުނީ ޑިފީ ޒިންމާނަގަންޖެހޭވަރު ކަމެއް ކުރެވުނީހޭ” ރީޝަމް ޖެހިލުންވެފައި ހުރެވެސް އޭނާގެ ހިތާ ސިކުނޑީގައި އުފެދުނު ސުވާލު ބޭރުކޮށްލިއެވެ.
“ވަޓް؟ ނޫން! އިޒޫއަކީ އެކަހަލަ އަންހެންކުއްޖެއްނޫން، އަހަރެން ވެސް ބޭނުމެއްނޫން މެރީ ނުކުރަނިސް އިޒޫއާއެކު އެކަހަލަ ރިލޭޝަންޝިޕްއެއް ބާއްވާކަށް، އަހަރެން އިޒޫދެކެ ލޯބިވަނީ އޭނާއާ އެކަހަލަ ގޮތަކަށް ގާތްވެވިގެނެއްނޫން، ރީޝް ވެސް މީހަކުދެކެ ލޯބިވީމަ އެނގޭނެ ކޮންމެހެން ލޯބިވާކަށް ދެމީހުންގެ މެދުގައި މާބޮޑުގުޅުންތަކެއް ހިނގާކަށް ނުޖެހޭކަން” ޝަދަފު މޫނަށް ގޮތެއްހަދާލަމުން ރީޝަމްއަށް ބަލާލައިފައި ބުންޏެވެ.
“ލޯބިވުމަކީ އެންމެނަށް ލިބޭ ނަސީބެއްނޫނެންނު” ރީޝަމްގެ ހިތްދަތިކަން ފޮރުވާލަމުން ދުރަށް ނަޒަރުހުއްޓާލައިގެން ހުރެ ބުންޏެވެ.
“ރީޝް، މަންމަމެނަށް ނުވިސްނެނީ ކީއްވެތަ، އަހަރުމެން ދެމީހުންނަކީ ޖަސްޓް ފްރެންޑްސްއެއްނޫންތަ، އަހަރުމެން ދެމީހުންގެ ކައިވެނި ހަމަޖައްސާއިރު އަހަރުމެން ދެމީހުން ޤަބޫލުތޯ ވެސް ބަލަންޖެހޭނެ އެންނު” ޝަދަފު މާޔޫސީ ރާގެއްގައި ބުންޏެވެ.
ބާބިކިއު ނިންމާފައި ގެއަށް އައިއިރު މުޅި ސްޓާރލައިޓް ހޭވަންވަނީ ޝަދަފުގެ ސަބަބުން ހަމަނުޖެހުމެއްގެ ތެރޭގައެވެ. މައިންބަފައިންނާ ދެކޮޅަށް ވާކާލާތު ކުރަމުން ދިޔައިރު ގިނަފަހަރަށް އެއްޗެއް ބުނަން ޝަދަފު ޖެހިލުންވެއެވެ. އެހެންނަމަވެސް އޭނާ އެއްފަހަރު ވެސް ޢިޒްވާ ނޫން މީހަކާ ކައިވެނި ނުކުރާނަންކަމުގައި ބުނަމުންދިޔައެވެ. ބޮޑުކޮޓަރިތެރޭގައި އަޑުގަދަ ވެގެންދިޔައިރު އީޝާ އާއި ލީވާ އެއްފަރާތުގައި އަނގައިންނުބުނެ ބަލަންތިއްބެވެ. ޝަދަފަށް އިތުރަށް ބުނާނޭ އެއްޗެއް ނޭނގުމުން ތަރަފް ގޮވަގޮވާ އޮއްވާ ހަލުވިކޮށް ހިނގާފައި ސިޑިން އަރައިގެން ދިޔައެވެ. އެވަގުތު އެތަނުގައި ހުރި އަސްމަހާނު ވެސް ރުޅި އައިސްގެން އޭނާގެ ކޮޓަރިއަށް ދިއުމަށް ހިނގައިގަތެވެ. ބޯގޮވާފައި ހުރިގޮތަކަށް ތަރަފްއަށް އޭނާގެ ބޮލުގައި އަތްހާކާލެވުމާއިއެކު އަސްމަހާނުގެ ފަހަތުން ހިނގައިގަތެވެ.
އާދުވަހަކަށް އިރު ފެނުންތޮޅެލިއިރު އެނދުގައި ދެކޮޅަށް ފުރޮޅެމުންދިޔަ ޝަދަފުގެ ލޮލުގައި ނިދީގެ އަސަރެއްނެތެވެ. އޭނާ ފުންމައިގެން ތެދުވުމާއިއެކު ފެންވަރާލައިގެން ގެއިން ނުކުތެވެ. އަދި އައިސް ވަނީ ޢިޒްވާގެ އެޕާޓްމެންޓަށެވެ. އޭރު އޭނާ އޮފީހަށް ދާން ތައްޔާރުވަމުން ދިޔައެވެ. ޝަދަފު ފެނުމާއިއެކު އެނާ ރޭގައި ނުނިދާއުޅުނުކަން ޢިޒްވާއަށް އެނގި ސުވާލުކުރިއެވެ. ޢިޒްވާގެ ގައިގާ އައިސް ބައްދާލަމުން ކަންތައްވީގޮތް ޝަދަފު ކިޔައިދިނެވެ.
“އަހަރެން މިތާ މަޑުކޮށްލިޔަސް އެންމެ ރަނގަޅުތަ” ޝަދަފު އަހާލިއެވެ. ޢިޒްވާ އާނއެކޭ ބުނެލުމާއިއެކު އޭނާ ސައިބޯން އިށީންނަމުން ޝަދަފަށް ވެސް ސައިހަދައިދިނެވެ. ދެމީހުން އެކުގައި ސައިބުއިމަށްފަހު ޝަދަފު ހިނގައިގަތީ ޢިޒްވާ ގެންގޮސް އޮފީހަށް ލާދިނުމަށެވެ. ޢިޒްވާގެ އެޕާޓްމެންޓުގެ ތަޅުދަނޑި އޭނާ ޝަދަފުގެ އަތަށް ދިނެވެ.
މާޔޫސްވެފައި ޢިޒްވާގެ އެނދުމައްޗަށް ބަންޑުން ދެމިފައި އޮތް ޝަދަފުގެ ފޯނު ރިންގުވާންފެށިއެވެ. ބަލާލިއިރު އޭނާއަށް ގުޅަނީ ނަވާލެވެ. ކައިވެނީގެ ކަންތައްތައް ހަމަޖެއްސުމަށްޓަކައި ބޭނުންވާ އެއްޗެހީގެ ލިސްޓެއް އޭނާ ކިޔާލިއެވެ. އަދި ކަންތައްކުރަންވީ ގޮތް ވެސް ކިޔައިދިނެވެ. ފޯމު ފުރުމަށްޓަކައި ހެނދުނު އެގާރަ ޖަހާއިރު ނަވާލު، ޝަދަފު ބަލާ އެގެއަށް އަންނާނަން ކަމުގައި ބުންޏެވެ. ނަވާލުގެ ކޯލު ބާއްވާފައި ގިނައިރެއް ނުވަނިސް ޝަދަފަށް އަނެއްކާ ވެސް ކޯލެއް އައެވެ. މިފަހަރު ގުޅީ ޒައުލްއެވެ. ފޯނު ކަންފަތުގައި ރަނގަޅަށް ޖައްސާނުލެވެނިސް ޒައުލް ވާހަކަދައްކަންފެށި އަޑުއިވުނެވެ.
“ޑިފީ، ކީއްކޮށްގެން ތިއުޅެނީ، މާމަ ހެނދުނުގެ ސައިމޭޒުގައި ޑިފީގެ ކައިވެނީގެ ވާހަކަ ބައްޕަ ގާތު ދެއްކެވިއިރު އަހަރެން އިނީ ބުނާނެ އެއްޗެއް ނޭނގިފައި، ހާދަ ވަރަކަށޭ ތިދުރުކޮށްލީ، ވަރަށް ދެރަވެއްޖެ” ޒައުލް ބުންޏެވެ.
“ޒައުލް، އިޓްސް ކޮމްޕްލިކޭޓެޑް، އާދޭ އަހަރެން ބަލާ، އޭރުން ހުރިހާ ވާހަކައެއް ވެސް ކިޔައިދޭނަން” ޝަދަފު ބޭނުންވީ ފޯނުން ކިޔައިދނުމުގެ ބަދަލުގައި ޒައުލްއާ ބައްދަލުކޮށް އޭނާއާ ކުރިމަތިލައިގެން ހުރެ ހުރިހާ ވާހަކައެއް ކިޔައިދިނުމަށެވެ. މިވަގުތު އޭނާގެ ރަޙުމަތްތެރިންގެ އެހީތެރިކަން ވަރަށް މުހިއްމުކަމުގައި ޝަދަފަށް ވިސްނޭތީއެވެ.
އޮފީހުގެ ކެބިންތެރޭގައި ދެކޮޅަށް ހިނގާލަ ހިނގާލަ ޒައުލް ހުރިއިރު އެތަނުގައި ހުރި ސޯފާގޮނޑީގައި ޝަދަފު އިށީނދެލައިގެން އިނެވެ. ދެމީހުންގެ މޫނުމަތިން ވެސް ފެންނަނީ މާޔޫސްކަމުގެ އަސަރުތަކެވެ.
“ތަރަފް އަންކަލް ވެސް ނިންމާނީ އަސްމާ އާންޓީ ބޭނުންވާގޮތަށް، ނުވިސްނޭކަމަކީ އެގޮތަށް އެނިންމުން އެނިންމަނީ އަސްމާ އާންޓީ ބޭނުންވާގޮތަށް ކަންތައްތައް ކުރުމަށްޓަކައި، ތަރަފް އަންކަލް، އަސްމާ އާންޓީދެކެ ވާލޯތްބެއްގެ ބޮޑުކަމުން، އަހަރެން ހިތަށް އަރަނީ ދެން ކީއްވެބާއޭ ތަރަފް އަންކަލްއަށް ޝަދަފު އަންހެން ކުއްޖެއްދެކެ ހަމައެވަރަށް ލޯބިވުމުން ޤަބޫލުނުކުރެވެންވީ” ލައިގެންހުރި ފަޓުލޫނުގެ ދެޖީބަށް އަތްޖަހާލުމާއެކު ޒައުލް، ޝަދަފާއި ކުރިމަތިލަމުން ބުނެލިއެވެ.
“އެހެންވެ އެންނު މިބުނަނީ ކޮންމެ މީހަކު ކޮންމެ އެއްޗެކޭކިޔަސް އަހަރެން އިޒޫ ނީނދެއެއް ނުހުންނާނަމޭ، އިރުކޮޅަކުން ނަވާ ގުޅާނެ، ކައިވެނީގެ ފޯމު ކަންތަކާ، ޒައުލް އަހަންނާއެކު ދާންވާނެ” ޝަދަފު މިހެން ބުނުމާއިއެކު ނިކަން އަވަހަށް ޒައުލް ބޯޖަހާލިއެވެ.
* * * *
ބްރޭކްގެ ގޮތުގައި ލިބުނު ވަގުތުކޮޅުގައި ޢިޒްވާ އަވަސްވެގަތީ އޮފީހާ އެންމެ ކައިރީގައި ހުރި ފޮޓޯ ނަގާތަނަށް ގޮސް ޕާސްޕޯޓު ސައިޒުގެ ފޮޓޯގަނޑެއް ނެގުމަށެވެ. އޭނާ ސަމަރުގެ އަތުގައި ހިފާ ދަމާލަމުން މަގުގެ ދެފަރާތަށް ބަލާލާފައި އަވަސް އަވަހަށް މަގުހުރަސްކޮށްލިއެވެ. އަދި ކުރިމަތިން ފެންނަން ހުރި ފޮޓޯ ނަގާތަނަށް ދެއެކުވެރިންވަނެވެ.
“ހާދަ އަވަސްއަރުވާލާފައޭ ތިއުޅެނީ” ސަމަރު، ޢިޒްވާއާއެކު ކައުންޓަރު ދޮށަށް ހިނގައިގަންނަމުން ބުންޏެވެ.
“ޝަދަފު ގުޅާވަރުންނު، ފޮޓޮއެއް ބޭނުންވެގެންނޯ، ފަހުންނަގާފައި ހުރި ފޮޓޮއަކަށްވާންޖެހޭ، މިހާރު ދެފަހަރު ގުޅައިފި ފޮޓޯނަގަން އަހަރެން ދިޔަތޯ ބަލަން” ޢިޒްވާ ކަންބޮޑުކޮށްލަމުން ބުނެލިއެވެ.
“އޯ، ފައިނަލީ އެހެންވީމަ ތިކަން ވެސް ނިމެނީ ދޯ” ނުސީދާ ގޮތަކަށް ސަމަރު، އޭނާގެ އެކުވެރިޔާއާ ދިމާކޮށްލިއެވެ.
ޢިޒްވާ ފޮޓޯ ނަގައިގެން އެނބުރި އޮފީހަށް އައިތާ ގިނައިރެއްނުވެ ޝަދަފު އެއޮފީސް ދޮށަށް އައެވެ. އޭނާ އައީ ޢިޒްވާގެ ފޮޓޯތައް ބަލައެވެ. މީގެ ކުރިން ޢިޒްވާ ދެކެފައިނުވާ ޒުވާނެއްގެ ކާރުގައެވެ. އޮފީހުން ނުކުމުގެން ދުވެލާފައި އައިސް ކާރުގެ ދޮރުފަތުގެ ބިއްލޫރިގަނޑު ދޭތެރެއިން ޝަދަފުގެ އަތަށް ފޮޓޯތައް ދެމުން ޢިޒްވާ ހިނިތުންވެލިއެވެ.
“ނިމޭގަނޑިއަށް އަންނާނަން އިނގޭ، ބާއި” ޝަދަފު ލޯތްބާއިއެކު ހިނިތުންވެލަމުން ބުންޏެވެ. ކާރު ލޯމަތިން ގެއްލެންދެން ޢިޒްވާ ބަލަން ހުރެފައި އޮފީހަށް ވަނުމަށް ހިނގައިގަތެވެ.
“ނައިސް ގަރލް” ކާރު ދުއްވަން އިން ޒައުލް ހީނލާފައި ޝަދަފަށް ބުންޏެވެ.
“އައި ނޯ” ފޮނިގޮތަކަށް ޝަދަފު މިހެންބުނެލާފައި ހީނގަތެވެ. އެއާއިއެކު ޒައުލް ވެސް އެނާގެ ހުނުމުގައި ބައިވެރިވިއެވެ. ދެއެކުވެރިން މިސްރާބު ޖެހީ ނަވާލުގެ އޮފީހާ ދިމާލަށެވެ.
ޔާސިރު އައިސް ނަވާލުގެ ކެބިންގެ ދޮރުހުޅުވާލުމާއިއެކު އޭނާ އިސްއުފުލާ ބަލާލިއެވެ. އެއާއިއެކު ނަވާލާ ބައްދަލުކޮށްލުމަށް ބަޔަކު އައިސް ތިބިވާހަކަ ޔާސިރު ބުންޏެވެ.
“އެމީހުން ވައްދާފައި ކޮފީ ހަމަޖައްސާލަދީ” ނަވާލު މޭޒުމަތީ އޮތް ފައިލު ލައްޕާލަމުން މިހެން ބުނެ ތެދުވިއެވެ.
މީގެ ކުރިން ބައްދަލުވެފައިވީނަމަވެސް ޒައުލް އާއި ނަވާލަކީ ރައްޓެހިންނެއްނޫނެވެ. އެހެންވެ އެދެމީހުންގެ މެދުގައި މާގިނަ ވާހަކަތަކެއް ނުދެކުވުނު ކަމުގައިވިޔަސް ޝަދަފަށް އެހީތެރިވުމުގައި އެދެމީހުން އެންމެ ތަންފުކެއް ވެސް ފަހަތަކަށް ނުޖެހެއެވެ. ވެވެންއޮތް ގޮތަކުން އެހީތެރިކަން ފޯރުކޮށްދެވޭނޭ ގޮތުގެ މަޝްވަރާތައް ކުރިއަށް ދިޔައެވެ. ޒައުލްގެ ތަނަވަސް ޚިޔާލުތަކަށް ނަވާލު މަރުހަބާ ކިޔެވެ. ޒައުލް އޭނާގެ އަމިއްލަ ތަޖުރިބާގެ މައްޗަށް ވިސްނާ ކަންކަން ރާވަމުންދިޔައެވެ.
“ރަން ކިޔަން ޖެހޭނެ، ކޮންއިރަކުން އެކަން ކުރާނީ” އަތުގައި އޮތް ކައިވެނީގެ ފޯމަށް ބަލަހައްޓައިގެން އިނދެ ނަވާލު ބުންޏެވެ.
“މިރޭ އެކަން ވެސް ނިންމާލަމާ” ޒައުލް ބުނެލިއެވެ.
“އިޒޫ އޮފީހުން ގެއަށް އަންނަން ވާއިރަށް އޭނާ ސަޕްރައިޒް ވާވަރުކަމެއް ކުރަން އަހަރެން ބޭނުންވަނީ، އަހަރެން އަތުގައި އެބައޮތް އެޕާޓްމެންޓު ތަޅުދަނޑި ވެސް” ޝަދަފު ހިނިއައިސްފައި ބުނެލިއެވެ.
“ތީ ރަނގަޅު ގޮތެއް” ނަވާލު އަވަސް އަވަހަށް ބުނެލިއެވެ. އެއާއިއެކު ތިންމީހުންވެގެން ރާވަންފެށީ ރަންކިއުމުގެ ރަސްމިޔާތު ކުރިއަށް ގެންދާނޭ ގޮތަކާއިމެދުއެވެ. އަދި ޒައުލްގެ ކާރުގައި ތިން މީހުން މާލެތެރެއަށް ނުކުތީ ބޭނުންވާ އެއްޗެހި ހޯދުމަށެވެ.
* * * *
ޢިޒްވާ އާއި ސަމަރު އޮފީހުން ނުކުންއިރު މަގުގެ އަނެއްފަރާތުގައި އޮތް ކާރެއްގައި ޖެހިލައިގެން ހުރި ޝަދަފު ފެނުނެވެ. އެއާއިއެކު ޢިޒްވާ މަޑުކޮށްލީ ޝަދަފު އެމީހުންގެ ގާތަށް އަންނަންދެނެވެ. ޝަދަފުގެ މޫނުމަތިން ހިތްހަމަޖެހިލާފައި ހުރިކަމުގެ އަސަރުތައް ފެންނަން ހުއްޓެވެ.
“އައްދޭ! މިއަދު ހާދަ ސްމާޓްހެން ހީވެޔޭ، ދެންމެ ކަންނޭނގެ ޝަވަރުދަށުން ނުކުމެގެން އެއައީ” ސަމަރްއަށް މަގުގެ އަނެއްފަރާތުގައި ހުރި ޝަދަފު ފެނުމުން ބުނެލިއެވެ. އެވަގުތު ޝަދަފު އަތުން ހަނާއަޅާލީ އޭނާގެ ގާތަށް އަންނާށޭ ބުނާފަދަގޮތަށެވެ.
“ހިނގާދަމާ، ސަމަރު ވެސް އަހަރުމެންނާއެކު ދާންވާނެ، މިއަދު އެންމެން އެކުގައި ސައިބޯނީ” ޝަދަފުގެ ގާތަށް ޢިޒްވާ އާއި ސަމަރު އައިސް ހުއްޓުމުން ބުނެލިއެވެ. އަދި ކާރުގެ ފަހަތު ދޮރުފަތް ހުޅުވާލިއެވެ.
“މީ ކާކު ކާރެއް؟” ކާރަށް އެރުމުގެ ބަދަލުގައި ޢިޒްވާ ސުވާލުކުރިއެވެ.
“ޒައުލްގެ، އަހަރެން ހިނގާފައި އަންނަންއުޅޭތީ ކާރުގެ ތަޅުދަނޑުދީފަ ބުނީ އިޒޫ ހިނގާފައި ގެނެސްނުވާނެކަމަށް” ޝަދަފު މިހެން ބުނުމުން ޢިޒްވާ އޭނާގެ މޫނަށް ބަލާލާފައި ތުއިވެލިއެވެ. އަދި ހީނލާފައި ކާރުގެ ފަހަތު ސީޓަށް އަރަން ފެށުމުން ސަމަރު އޭނާގެ އަތުގައި ހިފޭއްޓިއެވެ.
“އަހަރެން ފަހަތުގައި އިންނާނީ، އިޒޫ އިންނަންވާނީ ޝަދަފު ގާތު ކުރީ ސީޓުގައި” ސަމަރު ބުންޏެވެ. އޭނާ ފަހަތަށް އަރާ ހަމަޖެހިލުމާއިއެކު ޝަދަފު ކާރުގެ ދޮރުފަތް ލައްޕާލާފައި ޢިޒްވާއާއެކު ކުރީ ސީޓުގައި އިށީނެވެ.
ޝަދަފު އެޕާޓްމެންޓުގެ ދޮރުހުޅުވާލުމާއިއެކު ޢިޒްވާގެ ދެލޯ ބޮޑުކޮށްލެވުނެވެ. ހައިރާންވެ އަންތަރީސްވެފައި ހުރި ގޮތަކަށް ޝަދަފަށް ބަލާލުމުން ސަމަރް ފެށީ ހޭށެވެ. އަދި ޢިޒްވާގެ ގައިގާ ބައްދާލިއެވެ.
“އިޓްސް އަ ސްމޯލް ސަޕްރައިޒު ފޯ ޔޫ” ސަމަރު ބުންޏެވެ.
“އެތެރެއަށް ނުވަންނާނަންތަ” އެޕާޓްމެންޓުގެ ތެރެއިން އަޑުއައެވެ. އެއާއިއެކު އިތުރަށް ޢިޒްވާ ހައިރާންވިއެވެ. އެޕާޓްމެންޓު ތެރޭގައި އުޅެނީ ކޮންބައެއްކަން އެނގެން އޭނާ ބޭނުންވިއެވެ. ޝަދަފު އެޕާޓްމެންޓުގެ ތެރެއަށް ޖެހިލާފައި ޢިޒްވާއަށް އަތްދިއްކޮށްލިއެވެ. ލުއި ހިނިތުންވުމަކާއިއެކު އެތެރެ ހޯދަމުން ކަހަލަ ގޮތަކަށް ޢިޒްވާ، ޝަދަފުގެ އަތުގައި ހިފާލަމުން އެތެރެއަށް ވަނެވެ. މުޅި އެޕާޓްމެންޓުވަނީ ރަތް ފިނިފެންމަލުން ފުރިފައެވެ. ހުދާ ރަތުގެ ފުއްޕާހަންތަށް ފައިދޮށުގައި އެނބުރެމުންދިޔައެވެ. ޒައުލް އާއި ނަވާލު ހިނިތުންވެލައިގެން އެއްފަރާތުގައި މަޑުކޮށްލައިގެން ހުއްޓެވެ. ޢިޒްވާއަށް ޝަދަފުގެ އަތްތިލައަށް ބާރުކޮށްލެވުމާއިއެކު އޭނާއާ ގާތްވެލެވުނެވެ. އެހިނދު ޝަދަފު، ޢިޒްވާގެ އަތުގައި ހިފައިގެން ސިޓިން ރޫމުގެ މެދަށް އޭނާ ގެނައެވެ. އަދި ޢިޒްވާގެ ކުރިމަތީ ކުޑަކަކޫ ޖަހާލުމާއިއެކު އޭނާއާ ކައިވެނިކުރަން އެދުނެވެ. ހިތްއަވަސްވެފައި ހުރި ޢިޒްވާ ޖެހިލުމެއްނެތި ވަގުތުން އާނއެކޭ ބުންޏެވެ. އެވަގުތު ސިޓިން ރޫމުގެ ފަންކާ ކޮންމެވެސް މީހަކު ޖައްސާލިއެވެ. އެއާއިއެކު ހީވީ ސްޕެޝަލް އެފެކްޓްސްތަކާއިއެކު ފިލްމެއްގެ މަންޒަރުހެންނެވެ. މަތިން ވާރޭވެހޭ ގޮތަށް މުޅިތަނަށް ބުރައިގެން ދިޔައީ ރަތްފިނިފެންމަލުގެ އެކިވަރުގެ ފިޔަތަކެވެ. ވަށައިގެން ބަލާލެވުނު ޢިޒްވާގެ ނަޒަރު، ޝަދަފަށް ހުއްޓުނީ އޭނާ ޢިޒްވާގެ ކަށިއިނގީލައި އަޅުވައިދިން ރަންއަނގޮއްޓިންނެވެ.
“ތެންކިއު…. އައި ލަވް ޔޫ ސޯ މަޗް” ފެންކަޅިވެގެންދިޔަ ޢިޒްވާ ދެއަތުން ޝަދަފުގެ މޫނުގައި ހިފާލަމުން ބުންޏެވެ. ޝަދަފު ޢިޒްވާ ގެނެސް އޭނާގެ އަތުގެ ތެރެއަށްލާ ބާރުކޮށްލިއެވެ. އެއާއިއެކު އެތަނުގައި ތިބި އޭނާގެ ރަޙުމަތްތެރިންގެ އަތްތިލަބަޑީގެ އަތުއިވިގެންދިޔައެވެ. ކުޑަހިނދުކޮޅަކަށް ނަމަވެސް ޢިޒްވާ އެތަނުގައި އިތުރު ބަޔަކު ތިބިކަން ހަނދާންނެތުނެވެ.
“އިޒޫ ކައިވެނީގެ ރަންކިޔަންވީނު” ޢިޒްވާގެ ނިތްކުރީގައި ބޮސްދީފައި ގަޔާ ދުރުކޮށްލަމުން ޝަދަފު ބުންޏެވެ. އެހިނދު ޢިޒްވާއަށް ބަލާލެވުނީ ސަމަރަށެވެ. އަދި ރަކި ހިނިތުންވުމަކާއެކު އިސްޖަހާލިއެވެ.
“އިޒޫ، މީ އަންހެން ކުއްޖަކަށް ލިބޭނެ އެންމެ ރަނގަޅު ފުރުޞަތު، ލަދުން ނުހުރެ ޑިފީ ގާތުން ބުނޭ، އޭނާ ޖެހޭނީ އިޒޫ ބުނި ކޮންމެ އެއްޗެއް ދޭން” ސަމާސާ ގޮތަކަށް ހީނގަނެފައި ޒައުލް ބުންޏެވެ. ނަވާލު ވެސް އެއްބަސްވުމުގެ ގޮތުން ބޯޖަހާލިއެވެ.
“ކަމޯން އިޒޫ” ސަމަރު ތަންކޮޅެއް ބާރަށް ހިތްވަރުދިނުމުގެ ގޮތުން ބުނެލިއެވެ. އެއާއިއެކު މަޑުމަޑުން ހުރެލާފައި ޢިޒްވާ ރަނުގެ އަގުކިޔައިފިއެވެ. އެކުވެރިންގެ ފޯރީގެ އަޑު ގަދަވެގެން ދިޔައީ ދެނެވެ. ތިން މީހުން އައިސް ޝަދަފާއި ޢިޒްވާއަށް މަރުހަބާކިޔެވެ.
“ކައިވެނިކުރުމުގެ ފުރަތަމަ ހަރުފަތްތައް ތިގިރާކޮށްލެވުނީ، ދެން އޮތީ ޤާޒީ ކައިރަށް ދިއުން، އެއަށްފަހު އަނބިޤަބޫލުކުރުން” ޒައުލް ދިމާކުރަމުން ބުނެލިއެވެ.
ޢިޒްވާއަށް ލިބިގެންދިޔަ އުފަލާއިއެކު އޭނާ ފަރުޝާގެ މަތިން ވަރަށް ހަނދާންވިއެވެ. ލޮލުން ކަރުނަހިލިގެން ދިޔައީ މިއަދު މިމަންޒަރުތައް ފެނިލުމުގެ ނަސީބު އޭނާގެ މަންމައަށް ނުލިބުނީތީއެވެ. ޝަދަފު އޭނާދެކެ ވާލޯބި މިއަދުއެކަނި ވެސް ހާމަވެއްޖެއެވެ. ޢާއިލާއާ ދެކޮޅަށް އޭނާ ހަނގުރާމަކުރަމުން އެދަނީ ޢިޒްވާއަށްޓަކައެވެ. އޭނާދެކެ ވާލޯތްބަށްޓަކައެވެ. ތުއްތުއިރުންސުރެ ބަލާ ބޮޑުކުރި މައިންބަފައިންނާ ދެކޮޅުވުމަކީ ފަސޭހަކަމެއްނޫނެވެ. އާޚިރު ނަތީޖާ ނުކުމެދާނެގޮތަކާއިމެދު ޢިޒްވާ ކަންބޮޑުވިޔަސް އޭނާއަށް ލިބިފައިވާ އުފާވެރިކަމާ ހިތްހަމަޖެހުމުގެ ސަބަބުން އިތުރު އެއްވެސް ކަމަކާ ވިސްނާ ސިކުނޑި ހާސްކުރުވާކަށް ޢިޒްވާ ބޭނުމެއްނޫނެވެ.
ރޭގަނޑު ނުވައެއްވެސް ޖެހިފަހުން ޝަދަފު އައިސް ގެއަށް ވަންއިރު ތަރަފް އިނީ ބޮޑުކޮޓަރީގައެވެ. އެތަނުގައި އިތުރު އެއްވެސް މީހަކު ނެތެވެ. ޝަދަފު ފެނުމާއިއެކު ގޮވާލިގޮތުން ހީވީ އޭނާއެއިނީ ޝަދަފުގެ އިންތިޒާރުގައި ހެންނެވެ. އަތުން އިޝާރާތްކޮށްލުމާއިއެކު ތަރަފް އެދުނީ އޭނާގެ ގާތުގައި ޝަދަފު އައިސް އިށީނުމަށެވެ. ކިޔަމަންތެރިކަމާއިއެކު ޝަދަފު އައިސް ތަރަފްގެ ގާތުގައި އިށީނެވެ.
“ކޮންތާކުން ތިއައީ؟” ތަރަފް މަޑުމައިތިރިކަމާއެކު އަހާލިއެވެ.
“ޒައުލްއާ އިތުރު ރައްޓެއްސަކާއެކު ކޮފީއެއްގައި އިނދެފައި” ޝަދަފު ވެސް ވާހަކަދެއްކީ މަޑުމައިތިރިކަމައެކުއެވެ.
“ތިކަން ހުއްޓާލާ، މީގެ ފަހުން ބައްޕަ ބޭނުމެއްނޫން ޝަދަފު އޭނައާ އެއްވެސް ވަރަކަށް ބައްދަލުކުރާކަށް” ތަރަފު ބުންޏެވެ.
“އެކަމް ބައްޕާ، ޒައުލްމެންނަކީ އަޅުގަނޑުމެންނެގެ…” ޝަދަފުގެ ވާހަކަ ނުނިމެނިސް ތަރަފް ވާހަކަދެއްކިއެވެ.
“ޒައުލްގެ ވާހަކައެއްނޫން މިދަކައްނީ، ޝަދަފަށް އެނގޭނެ މިބުނަނީ ކާކުގެ ވާހަކައެއްކަން” ތަރަފްގެ އަޑުގައި ހަރުކަށިކަމެއް އެކުލެވިގެންދިޔައެވެ.
“އިޒޫ، އަޅުގަނޑު އޭނާއާ އިންނަން ހުރިހާކަމެއް ނިންމައިފިން” ޝަދަފު އިސްޖަހާލައިގެން އިނދެ ބުންޏެވެ.
“ކީކޭ، އެހެނެއް ނުނިމޭނެ، ޝަދަފު ތިކައިވެނިކުރާކަށް ބައްޕަ ޤަބޫލެއްނޫން، ޝަދަފަށް ޖެހޭނީ ތިކަން ހުއްޓާލަން، އެހެންނޫނީ ބައްޕަގެ އެއްވެސް އެހީތެރިކަމެއް ނުލިބޭނެ، މިގޭގައި އޭނާގެ ފައިޖައްސާލުމަށް އެއްވެސް ޔާގައެއްނެތް، މީ ބައްޕަ ބުނާ އެންމެ ފަހުފަހަރު، މިނިންމުން ބަދަލެއްނުވާނެ، ޝަދަފު ތިކައިވެނިކޮށްފިއްޔާ….” ތަރަފު އޭނާގެ ޖުމްލަ ފުރިހަމައެއް ނުކުރިއެވެ.
އިތުރަށް ދަރިފުޅާ ދިމާލަށް އެއްޗެއް ބުނަން ބޭނުންނުވެފައި އިން ތަރަފް ސޯފާއިން ތެދުވެގެން ހިނގައްޖެއެވެ. އެތަނުގައި އިން ޝަދަފު އަނގައިން ނުބުނިތަނުގައި އޭނާގެ ބައްޕައަށް އިސްއުފުލާ ބަލާވެސް ނުލިއެވެ. އިރުކޮޅަކު އެހެން އިނދެފައި ތެދުވެގެން ހިނގައިގަތީ އޭނާގެ ކޮޓަރިއަށް ދިއުމަށެވެ.
“ކީކޭ ބުނީ” ކޮޓަރީގެ ދޮރުހުޅުވާލާފައި އެތެރެއަށް ވަން ތަރަފް ފެނުމުން އަސްމަހާނު އަވަސްއަރުވާލާފައި އަހާލިއެވެ.
“އަހަންނަށް ހީވަނީ ޝަދަފު އިނީ ވަރަށް ހިތްހަމަނުޖެހިފަހެން، މާގިނައެއްޗެއް ނުބުނޭ، ދެކޮޅެއް ވެސް ނުހަދާ، ހަމައެކަނި ބުނިހާ ވެސް އެއްޗަކީ، އެ އަންހެން ކުއްޖާއާ ކައިވެންކުރަން ނިންމާފައި އޮތްވާހަކަ” ތަރަފު ކޮޓަރީގެ ދޮރުލައްޕާލާފައި ވާހަކަދައްކަމުން އައިސް ރީތިވާ މޭޒުކުރިމަތީ ހުއްޓުނެވެ. އަދި އަތުކުރީގައި އޮތް ގަޑި ނަގާ މޭޒުމަތީ ބާއްވާލަމުން ލޯގަނޑުން އަމިއްލަ ސިފައަށް ބަލާލިއެވެ.
“ބުނިންތަ މިގެއަށް ނުވެއްދޭނެއޭ” ފެންވަރައިގެން ނުކުމެ އިން އަސްމަހާނު އޭނާގެ ހަތަރެސްފައިގައި ލޯޝަން ލަމުން ވާހަކަދެއްކިއެވެ.
“އަސްމާ ބުނިގޮތަށް ހުރިހާ ވާހަކައެއް ބުނިން، އެންމެރަނގަޅެންނު…” ތަރަފު ބޯހާސްވެފައި ހުރި ގޮތަކަށް މިހެންބުނެލާފައި އަސްމާއަށް ކުރިމަތިލަމުން ރީތިވާ މޭޒުކައިރީ ހުރި ގޮނޑީގައި އިށީނެވެ.
“ކިހިނެއްވީ، ހާދަ ގޮތަކަށް ތިބުނީ” އަސްމަހާނު ލޯހިމަކޮށްލާފައި ތަރަފްއަށް ބަލާލަމުން ބުންޏެވެ.
“ދަރިންގެ ދިރިއުޅުމަށް އަހަރުމެން ނުފޫޒު ފޯރުވުން ރަނގަޅުބާއޭ މިހިތަށް އަރަނީ، އަނެއްކޮޅުން އަހަރެން ރަސަލްއަށް ވީ ވައުދު، ބައެއްފަހަރު ހިތަށް އަރާ މިކަންތައްގަނޑު ރަސަލްއަށް ކިޔައިދިނުމުން އޭނާ އަންޑަރސްޓޭންޑް ވާނެއޭ، ރީޝަމްއަށް އަހަރެންގެ ޝަދަފަށްވުރެ ރަނގަޅު ކުއްޖަކު ވެސް ވެދާނެއޭ” ދުވަހަކުވެސް ނުރުހުމުގައި ދަރިފުޅާ ދިމާލަށް އެއްޗެއް ނުބުނާ ތަރަފްއަށް މިއަދު ކަންތައްކުރަން ޖެހުނު ގޮތުން ހިތަށް ބުނެދޭންނޭނގޭ އަސަރުތަކެއްވަނީ ކުރެވިފައެވެ.
“ތަރަފް، އަހަރެންވަކި ޝަދަފަށް ދެރަގޮތެއްވާން އެދޭނެތަ، އަހަރެން އޭނާ ރައްޓެހިވެގެން އެއުޅޭ އަންހެން ކުއްޖާއާ ބައްދަލުވެސް ކޮށްފިން، އެއީ ކަމުދާ އަންހެން ކުއްޖެއްނޫން، އަހަރުމެންގެ ޝަދަފާ ބަލާފައި އެއީ އެއްވެސް މީހެއްނޫން، އަހަރެން ދެކެމުން އައި ވަރަށް ބޮޑު ހުވަފެނެއް އެއީ ރީޝް އާއި ޝަދަފުގެ ކައިވެނި، އެދެކުދިން ނުލާހިކު ގުޅޭ…. ތަރަފް، ޝަދަފު، ރީޝަމްއާ ކައިވެނިކުރަން ބޭނުންނުވަންޏާ ރީޝަމް ފަދަ އެހެން އަންހެންކުއްޖަކު ހޯދިނަމަވެސް އަހަރެން ހިތްހަމަޖެހުނީސް، އެކަމަކު އެގުޅުނީ ކޮންކަހަލަ ކުއްޖާގަނޑާ” އަސްމަހާނު ކަންބޮޑުވުން ފާޅުކުރަމުން އިސްޖަހާލިއެވެ. އަދި އުނގުގައި ބާއްވާލައިގެން އިން ދެއަތްތިލަ ޖޯޑުކޮށްލަމުން އަތްތިލަ ބާރުކޮށްލިއެވެ. އެމަންޒަރު ބަލަންއިން ތަރަފު ތެދުވެގެން އައިސް އަސްމަހާނުގެ ކޮނޑުގައި ހިފާ ގާތްކޮށްލަމުން ބޮލުގައި ފިރުމާލިއެވެ.
“ރަސަލް، މިރޭ އެގެއަށް އަހަރުމެންނަށް ދަޢުވަތުދިނީ ވެސް އެވާހަކަދައްކަން ނޫންކަމެއް ވެސް ނޭނގެއެންނު، އަހަރެންގެ ހިތްވަރަށް ބިރުގަނޭ، އަހަރުމެންގެ ޒަމާންވީ ރަޙުމަތްތެރިކަމަށް ބަދަލެއް އަންނާކަށް އަހަރެން ބޭނުމެއްނޫން” އަސްމަހާނު ކަންބޮޑުކޮށްލަމުން މިހެންބުނެލީ އިތުރަށް ތަރަފުގެ ސަމާލުކަން ހޯދުމަށެވެ.
“ދެން އެވާހަކަ ނުދައްކާ ތައްޔާރުވެލާ، އެހެންވިޔަކަ އަހަރެން ނުދޭނަން، ރަސަލްއަކީ ދުރުވިސްނޭމީހެއް، ދެން އެވަރަށް ނުވިސްނާ، މިބުނީނު އަހަރެން އެކަން ހުއްޓުވާނަމޭ، އެހެން ގޮތެއްނެތިއްޔާ ޝަދަފު ގޮވައިގެން ދުވަސްކޮޅަކަށް ރާއްޖޭން ބޭރަށް ދާނީ، ޔޫޝައު ގާތަށް އެކޮޅަށް ދިޔައިމަވީނު، އޭރުން މިކަންތަކުން އޭނާ ދުރުކުރެވިދާނެ، ޝަދަފުގެ ހިތް ވެސް އެހެންދިމާލަށް އެނބުރިދާނެ” ތަރަފު ލޯބިވާ އަނބިމީހާގެ ހިތްހަމަޖައްސާލަދެމުން ބުންޏެވެ. އަދި ފާޚާނާއާ ދިމާލަށް ހިނގައިގަތެވެ.
އެނދުގައި އޮވެ އިރުއިރުކޮޅާ ދެކޮޅަށް ފުރޮޅެމުން ދިޔަ ޝަދަފުގެ ލޮލުގައި ނިންޖެއްނެތެވެ. ކަންބޮޑުވެފައި ވަނީ ޢާއިލާ އާއި އޭނާއާ ދެމެދު ބޯފާރެއްލެވި އެފާރު އުސްވަމުންދާކަމުގެ އިޙުސާސް ކުރެވޭތީއެވެ. އެފާރުތަޅާލުމަށް އޭނާ ބޭނުންވެއެވެ. ނަމަވެސް އެކަންކުރެވެން އޮތީ އޭނާގެ ހިތް އަމިއްލައަތުން ފިސްފިސްކޮށްލުމަށްފަހުއެވެ. އެހިތް ރޯއަޑު އޭނާ ނޫންމީހަކަށް ނީވޭނެއެވެ. ވޭނުގެ ދުލުން އެހިތް ޝަކުވާކުރާއަޑު އަހާނީ ވެސް ހަމައޭނާގެ ދެކަންފަތެވެ. ވަށައިގެންވި ހުރިހާ ކަންފަތެއް ހުންނާނީ ބީރުވެފަކަން ޔަޤީނެވެ. ދެލޯމަރާ ބާރުކޮށްލުމަށްފަހު އޭނާ ލޯހުޅުވާލިއެވެ. އަދި ފުންމައިގެން ތެދުވެ އެނދުގެ އަރިމަތީގައި އިށީންނަމުން ނިތްކުރީގައި އަތްހާކާލިއެވެ.
“ކީއްވެތަ ނުވިސްނެންވީ، ޤައިމު އަހަންނަށްވުރެ ބޮޑަށް ވިސްނެންވީ މަންމަމެންނަކަށް ނޫންތަ، ދެން ކިހިނެއް ހަދާނީ؟ އެކަމަކު ބައްޕަ އެހެން ބުނުއްވިޔަސް ނުކުރޭނެކަންނޭނގެ އަހަރެން އިޒޫ ގޮވައިގެން ގެއަށް އައީމަ ބޭރުކޮށްލާކަށް، މާބޮޑަށް ބޭކާރު ކަންތައްތަކާ ވިސްނެނީ ކަންނޭނގެ، ދަތުރު ފެށުމަށްޓަކައި މިހިސާބަށް އައިސް ދޯންޏަށް ނާރާ ދާނީ ފިނޑިއެއް، އަހަރެންމީ ފިނޑިއެއްނޫން، މަންމަގެ ނުފޫޒާ ހެދި އިޒީއާ ކައިވެނިނުކުރުމަކީ ޤަބޫލުކުރެވޭ އުޒުރެއްނޫން، އެކަމަކު މިކަމާ މަޝްވަރާކޮށްލާ ޚިޔާލެއް ހޯދުން މުހިއްމު” ޝަދަފު ދެކަކުލުގައި އަތްއަޅުވާލައިގެން ކުޑަކޮށް ގުދުވެ އިނދެ ވިސްނަމުން ދިޔައެވެ.
ޕާލްވިއުގެ ދޮރުހުޅުވި ލީލާއަށް ހައިރާންކަމެއް ލިބުނީ އޭނާއަށް މީގެ ކުރިން ފެނިފައިނުވާ ޒުވާނަކު އެގެއަށްވަނުމުންނެވެ. ހައިރާންވެފައި ބަލަހައްޓައިގެން ހުންނަން ފެށުމުން އެޒުވާނާ އޭނާ ވާހަކަދެއްކިއެވެ.
“ނަވާލު ބުނެގެން” ޝަދަފު ބީރައްޓެހިގޮތަކަށް ބުނެލިއެވެ.
“ދުރުވޭ…” ލީލާ އަވަސްއަވަހަށް މިހެންބުނެ ބޮޑުކޮޓަރިތެރެއަށް ވަނުމަށް ހިނގައިގަތެވެ. އޭނާގެ ފަހަތުން ހުރެ ޝަދަފު ވަނެވެ.
“ކޮންކުއްޖެއް” އެތެރޭން ބޮޑުކޮޓަރިތެރެއަށް ނުކުން ސަމީރާއަށް ޝަދަފު ފެނުމާއެކު އަހާލިއެވެ.
“ނަވާލުއާ ބައްދަލުކޮށްލަން އައި ކުއްޖެއް” ލީލާ ސިޑިން އެރުމުގެ ކުރިން ހުއްޓިލާފައި ސަމީރާއަށް ޖަވާބުދިނެވެ.
“އެހެންތަ، ކޮޅަށް ނުހުރެ އަވަހަށް އާދޭ އިށީންނަން” ލީލާއަށް ޖަވާބުދީފައި ސަމީރާ ބަލާލީ ޝަދަފަށެވެ. އަދި ހިނިތުންވެލަމުން ޝަދަފު ގާތު އިށީނަން ބުނަމުން ސޯފާއަށް އިޝާރާތްކޮށްލިއެވެ. ކުޑަކުޑަކޮށް ހިނިތުންވެލި ޝަދަފު ނުކެރިފައި ހުރިފަދަ ގޮތަކަށް އައިސް ވަކިން ހުރި ސޯފާ ގޮނޑީގައި އިށީނެވެ.
“ވަރަށް ދަންނަވައްތަރުޖަހާ، ކޮންގެއަކު ކުއްޖެއްތަތީ” ސަމީރާ ކުރިމަތީހުރި ކޮފީމޭޒުމަތިން ވީކްލީ މަޖައްލާއެއްނަގަމުން ބުންޏެވެ. އެއާއިއެކު ކުރުގޮތަކަށް ޝަދަފު އޭނައަކީ ކާކުކަން ބުނެދިނެވެ. އެވަގުތު ހަލުވިކޮށްފައިބައިގެން އައި ނަވާލު އޭނާއަށް ގޮވާލި އަޑުއިވުނެވެ. އެދިމާލަށް އެނބުރި ބަލާލުމާއިއެކު ޝަދަފު ކޮޅަށް ތެދުވިއެވެ.
“މަންމާ، އަޅުގަނޑުމެން މިތިބީ އެފަރާތުގައި، ލީލާ، އެފަރާތަށް ދެކޮފީ ގެނެސްދެއްޗޭ، ކުކީއާއެކު” ނަވާލު ވާހަކަދައްކަމުން އައިސް ޝަދަފުގެ ކޮނޑުގައި މަޑުމަޑުން ޖަހާލިއެވެ. އަދި ޝަދަފުގެ ކޮނޑަށް ނަވާލު އަތްވައްޓާލިގޮތުން އޭނާ ވެސް ނަވާލާއެކު ހިނގައިގަތެވެ. ހިނިއައިސްފައި ދެޒުވާނުންނަށް ބަލަހައްޓައިގެން ސަމީރާ އިނެވެ.
ކުރިމަތިންފެންނަން އޮތް މާގަސްތަކަށް ނަޒަރުހިންގާލާފައި ޝަދަފު އެއްފަރާތުގައި ހުރި ގޮނޑީގައި އިށީނެވެ. އޭނާގެ ކުރިމައްޗަށްވާގޮތަށް ނަވާލު އިނެވެ. އަދި އެހާ ކުއްލިގޮތެއްގައި ބައްދަލުކުރަން ބުނީ ކީއްވެތޯ އެހިއެވެ. ޝަދަފު އޭނާގެ ބައްޕަ ދިން އިންޒާރުގެ ވާހަކަ ނަވާލަށް ކިޔައިދިނެވެ.
“އަހަރެންގެ ބޯމަތީ ބަރުހިލަގަނޑެއްބާއްވައިގެން އުޅުމެކޭ އެއްވަރު، ބައްޕަ އަހަރެންދެކެ ވަރަށް ލޯބިވާނެ، އެކަމަކު ބައްޕައަށްވުރެ މަންމަ އަހަރެންދެކެ ލޯބިވާކަން ފާހަގަކުރެވޭ، ދެން ކީއްވެބާއޭ ހިތަށްއަރަނީ ކުއްލިއަކަށް އެލޯބި ބަދަލުވީ، އަހަރެން ދެކެ އެހާ ލޯބިވަންޏާ އަހަރެންގެ އުފާވެރިކަން އެމީހުންނަށް ފެންނަންވާނެ އެންނު، ކިހާ ފޮނި އުންމީދަކާއެކު އަހަރެން މަންމަ ގޮވައިގެން އިޒޫއާ ބައްދަލުކުރަން ދިޔައީ….” ޝަދަފު ބޮޑުގޮނޑީގެ ތެރެއަށް އޭނާގެ ހަށިގަނޑު ދޫކޮށްލައިގެން މައްޗަށް ބަލަހައްޓައިގެން އިނދެ ބުންޏެވެ. އެހަރަކާތުން ވެސް އޭނާ މާޔޫސްވެފައި އިންވަރު ނަވާލަށް ނަގައިގަނެވުނެވެ.
“އެހެންބުނާނެ، އެކަމާ އަޅާނުލިއްޔާ އެންމެ ރަނގަޅުވާނީ، ކައިވެނިކުރީމަ ދެން ދުރެއްނުކުރެވޭނެ، އޭރުން ޖެހޭނީ ތިކައިވެނި އެކްސެޕްޓު ކުރަން، އެނޫން އިތުރު ޗޮއިސްއެއް އެމީހުންނަކަށް ނޯންނާނެ، ސޯ ކައިވެނި ވާނީ ސިއްރު ކައިވެންޏަކަށްތަ، ނޫނީ އަލިގަދަކޮށް ފާހަގަކޮށްލާ ކައިވެންޏެއްތަ” ނަވާލު ބޭނުންވީ ޝަދަފުގެ ޚިޔާލުތައް އޭނާގެ މައިންބަފައިންގެ ނުފޫޒާ ދުރަށް ގެންދިއުމެވެ.
“ހެ ހެ ހެ… އަހަންނަށް ހިޔެއްނުވޭ…” ޝަދަފު އޭނާގެ ވާހަކަދެއްކުން ހުއްޓާލީ އެތަނަށް ލީލާ އައުމުންނެވެ. އޭނާ އެދެމީހުންގެ މެދުގައި ހުރި ކުޑަމޭޒުމަތީ ކޮފީތަބަށް ބަހައްޓާފައި އެނބުރި ހިނގައްޖެއެވެ.
“ހޫމް ބުނެބަލަ، ކޮންކަމެއް ހީނުވަނީ” ހިނިއައިސްފައި އިން ނަވާލު އަހާލިއެވެ.
“އިޒޫ ބޭނުމެއްނޫން ޢާއިލާއާދެކޮޅަށް ކައިވެނިކުރާއިރު ޕާޓީއެއް ބާއްވާކަށް، އޭނާ ބުނީ ހުރިހާކަމެއް ކޯޓުން ނިންމާލާނީއޯ، އަހަންނަށް ވެސް ހީވަނީ އެއީހެން އެންމެ ރަނގަޅު ގޮތަކީ، ދެން ފަހުން ހުރިހާކަމެއް ހަމައަކަށް އެޅުނީމާ ބޮޑު ޕާޓީއެއް ބޭއްވިދާނެއެންނު ދޯ” މިހެންބުނެ ޝަދަފު، ނަވާލު ދިއްކޮށްލި ކޮފީ ޖޯޑުގައި ހިފިއެވެ.
(ނުނިމޭ)