ABADHU THIYA LOABI KALAA VAANAN HEY [06]

“ތިގޮތްވެސް ގޯހެއްނޫން، އެކަމަކު ޕްރޮމިސްކުރޭ ކައިވެނިކުރެވުނަސް އަހަންނަށް ސައިދޭނަންކަން” ނަވާލު ސަމާސާ ރާގެއްގައި ބުނެލިއެވެ.

“ޕްރޮމިސް، ނަވާ، ތީ އަހަންނަށް ލިބުނު ވަރަށް ރަނގަޅު ރަޙުމަތްތެރިއެއް، އަހަރެން ބޭނުން އަބަދުވެސް މިރަޙުމަތްތެރިކަން އަހަރުމެން ދެމީހުންގެ މެދުގައި އޮންނަން، އަދި އަހަރެންގެ ކައިވެނި ކުރެވޭ ވަގުތު ޒައުލްގެ އިތުރުން ނަވާ ވެސް އެތަނުގައި ހުންނަން” ޝަދަފު ބުންޏެވެ.

“އިރާދަކުރެއްވިއްޔާ އަހަންނަކީ ޝަދަފަށް ފައިދާކުރަނިވި ރަޙުމަތްތެރިއަކަށް ވާނަން، އަބަދުވެސް ތިއެކުވެރިޔާގެ އަތްފޯރާ ފަށުގައި ހުންނާނަން، ސޯ ޑޯންޓް ވޮރީ، ހުރިހާ ކަމެއް ވެސް އަހަރެން އޯކޭ ކޮށްދޭނަން، އަހަންނަށް ފެންނަނީ އިހަށް ކައިވެނިކުރެވެންދެން އިޒޫއަށްވުރެ ގިނަވަގުތު ގޭގައި ހޭދަކުރަން، މަންމަމެންނަށް އަބަދު ފެންނަން ފެށުމުން ފަހަރެއްގައި ޚިޔާލު ބަދަލުވެސް ވެދާނެ” ނަވާލު ބުންޏެވެ. އެ ޚިޔާލު ޝަދަފު ޤަބޫލުކުރިއެވެ.

އެއްފަރާތުގައި ހުރި ފޫލްޓޭބަލް ކައިރީ ތަރަފް މަޑުކޮށްލައިގެން ހުރިއިރު މޭޒުމައްޗަށް ގުދުވެ ބިލިއާޑް ކިއު ބޯޅައާ އަމާޒުކުރުމަށް ރަސަލް އުޅެއެވެ. ތަރަފްގެ މޫނުމަތިން އޭނާ އެތަނުގައި ހުރީ މާގަޔާވެގެން ނޫންކަން ފާޅުވެއެވެ.

“އިތުރަށް އަހަރެން ބުނާނީ ކީކޭ” އިރުކޮޅަކު ރަސަލްއަށް ބަލަހައްޓައިގެން ހުރުމަށްފަހު ތަރަފް ބުންޏެވެ.

“ވީހާ ވެސް އަވަހަކަށް ކައިވެނި ހަމަޖައްސަންވީ، ކައިވެނިކުރުވާފައި ދެކުދިން ރާއްޖޭން ބޭރަށް ފޮނުވާލަންވީ، އޭރުން ހަމައަކަށް އެޅިދާނެ، މިނޫންގޮތެއްނެތް” ރަސަލް މޭޒުގެ ވަޅަށް އެހާވަރުން އަމާޒުކުރި ބޯޅަވެސް ކަސިޔާރުވެގެން ގޮސް ޖެހުނީ މޭޒުގެ އަރިމަތީގައެވެ. ހިތްހަމަނުޖެހުނު ގޮތަކަށް އަތުގައި އޮތް ކިއު މޭޒުމައްޗަށް ވައްޓާލަމުން ތަރަފްއާ ކުރިމަތިލިއެވެ.

“ކިހިނެއްވީ، އެޚިޔާލު ކަމުނުދަނީތަ، އަސްމާ އާއި ޒަބާ ބޭނުންވަނީ އެދެކުދިން ގުޅުވަން، އަހަރެންގެ ރީޝް ހުރީ ޝަދަފާ ކައިވެނިކުރަން ބޭނުންވެފައި، އަނެއްކާ އަހަރުމެންނަށްވުރެ މިކަހަލަ ކަންތައްތަކުގައި މިއަންހެންވެރިން މާމޮޅުވާނެ، ނޫންތަ؟ ޝަދަފުގެ ތިގޮތްކެނޑިދާނެ ކައިވެންޏަށްފަހު ލޯބިލިބެންފެށީމަ” ރަސަލް ބުންޏެވެ.

“އެހެންވީރު ކައިވެނި އަވަސްކުރަންވީ، މާދަމާ ތިކަމުގައި އުޅެންވީ” ތަރަފު ބުންޏެވެ.

“ޒިޔާން ގާތު ބުނަންވީނު، އޭނާއަށް އެންމެ ފަސޭހަވާނީ އެކަން ހަމަޖައްސާލަން” ދެޢާއިލާގެ ވަކީލުގެ ނަން ރަސަލް ގެނައެވެ.

“އަދި ބުނަން، އަހަންނަށް ފެންނަނީ އިހަށް މިވާހަކަ އަހަރުމެންގެ މެދުގައި ބާއްވަން، ޝަދަފު އެހުންނަނީ ވަރަށް ނާޒުކު ފައްތަރެއްގެ މަތީގައި، އަހަރުމެން ކައިވެނީގެ ކަންކަން ނިންމަނީކަން އެނގޭއިރަށް އޭނާ ތެޅިފޮޅިގަންނާނެ، ކޮންމެފަދަ ކަމެއްވެސް ކޮށްފާނެ” ރަސަލް ބުންޏެވެ. އޭނާގެ ވާހަކަތަކާ ތަރަފް ވެސް އެއްބަސްވިއެވެ. އެހެންވެ ނިންމީ މަޑުމަޑުން ތިބެގެން ކައިވެނީގެ ހުރިހާ ކަމެއް ނިންމާލުމަށެވެ. އެންމެ ފަހު ވަގުތު ނޫނީ ޝަދަފު ގާތު ނުބުނުމަށެވެ.

ހަފްތާއެއް ނިމިގެންދިޔައިރު ޢާއިލާ މީހުންނާ މާގިނަ ވާހަކަތަކެއް ނުދެއްކިނަމަވެސް ޝަދަފުގެ ގިނަ ވަގުތު ހޭދަކުރަނީ ގޭގައެވެ. އެކަމާ އަސްމަހާނު ހުރީ ވަރަށް ހިތްހަމަޖެހިފައެވެ. އޭނާ ދެކުނު ގޮތުގައި ޝަދަފަށް އައި ބަދަލަކީ ތަރަފް މެދުވެރިކޮށް އޭނާއާ ވާހަކަދެއްކުމުން އައިސްގެން އުޅޭ ބަދަލެއް ކަމެވެ. މެންދުރު ޒަބާމެންގެއަށް ދިއުމަށް އަސްމަހާނު އެދުމުން އެކަމާ ވެސް ޝަދަފުވަނީ އެއްބަސްވެފައެވެ. ނަމަވެސް ޝަދަފު ހުރީ ފޫހިވެގެން މަރުވާވަރުވެފައެވެ. އޭނާގެ މަންމަ އުފާވާނޭ ހުރިހާ ކަމެއް ކުރަމުން ދިޔައިރު ޢިޒްވާގެ މަތިން އޭނާ ކުޑަހިނދުކޮޅަކަށް ވެސް ހަނދާންނައްތައެއް ނުލައެވެ. އެހެންމީހުންނަށް ނޭނގޭނޭހެން ދޭތެރެއަކުން ޝަދަފު ޢިޒްވާއަށް ފޯނުން މެސެޖެއް ފޮނުވާލައެވެ.

“ޑިފީ އަހަރެންދެކެ ހިތްހަމަނުޖެހިގެންތަ ވާހަކަނުދައްކަނީ” ޒަބާމެންގެއަށް އާދެވިއްޖެނަމަ އާދަކޮށް މަސްފެންގަނޑު ބަލަން އާދަފައި ހުރި ޝަދަފުގެ ފަހަތުން ރީޝަމްގެ އަޑުއިވުނެވެ. ޝަދަފު އިނީ މަސްފެންގަނޑު ކައިރީ ހުރި ގޮނޑީގައި ކޮންމެވެސް ފިކުރެއްގައެވެ.

“ނޫން” ޝަދަފުގެ ޖަވާބު ވަރަށް ކުރެވެ. އޭނާ ނުބުނިކަމުގައި ވިޔަސް ހަޤީޤަތުގައި އޭނާ ހުރީ ރީޝަމްދެކެ ހިތްހަމަނުޖެހިފައެވެ. އެދެމީހުންގެ ކައިވެނި ކުރުވަން ޢާއިލާ މީހުން އުޅޭއިރު އެކަމާ ރީޝަމް ދެކޮޅު ނަހަދާތިއެވެ. ރީޝަމްދެކެ ޝަދަފު ލޯބިނުވާކަން އޭނާއަށް އެނގޭއިރު ވެސް އެކައިވެންޏާ ދެކޮޅަށް އަޑުނޫފުލަނީ ކީއްވެގެންތޯ އެނގެން އޭނާ ބޭނުންވެއެވެ.

“ހިތްހަމަނުޖެހެންޏާ ކީއްވެ އަހަންނަށް ނުގުޅަނީ، އަހަރެން ހޯދަން މިގެއަށް ނާންނަނީ، އަހަންނާ ހުރިހާ ވާހަކައެއް ހިއްޞާނުކުރަނީ” ރީޝަމް، ޝަދަފު އިށީނދެގެން އިން ގޮނޑީގައި އިށީންނަމުން ބުންޏެވެ.

“ރީޝް ތީ އަހަރެންގެ ރަޙުމަތްތެރިއެއް، އަޅެ ދޮގު ނަހަދާ ބުނެބަލަ، އަހަރުމެން ދެމީހުން ކައިވެނިކޮށްގެން އޮތީ ކޮންއުފަލެއް، އަހަރުމެން ދެމީހުންގެ މެދުގައި ލޯތްބެއްނެތް، އަހަރެން ޤަބޫލުކުރާގޮތުގައި ކައިވެންޏަކާ ހަމައަށް ދާއިރު ދެމީހުންގެ މެދުގައި ލޯބީގެ ގުޅުމެއް އޮންނަންވާނެ، އަހަރެން ގަޔާވާ މީހަކަށް އެމީހަކު ވާންޖެހޭނެ، ހަމައެގޮތަށް ރީޝް ވެސް އެމީހަކު ދެކެ ގަޔާވާންޖެހޭނެ، ނޫންތަ” ޝަދަފުގެ ނަޒަރު ރީޝަމްއަށް ހުއްޓާލަމުން ބުންޏެވެ.

“ލޯތްބަކީ އެންމެނަށް ލިބޭ އެއްޗެއް ނޫން، އަބަދުވެސް ކޮންމެވެސް އެކަކަށް އެކަން ހާސިލުވާނީ، އަހަރެން ޤަބޫލުކުރާގޮތުގައި، ތިމާ އެމީހަކުދެކެ ލޯބިވާ މީހާއަށްވުރެ ތިމާދެކެ ލޯބިވާ މިހާއާ ގުޅުން މާރަނގަޅު” ކަމަކަށް ބޭނުންވެފައި އިން މީހަކުފަދައިން ރީޝަމް، ޝަދަފަށް ބަލަން އިނދެ ބުންޏެވެ.

“ތިބުނަންއުޅޭ އެއްޗެއް ނޭނގުނު” ޝަދަފު ދެބުމަކައިރިކޮށްލުމާއިއެކު ތަންކޮޅެއް ބޮޑަށް ރީޝްމައާ ދިމާލަށް އެނބުރިލިއެވެ.

“ރަޙުމަތްތެރިކަމަކުން ލޯތްބެއް ނުއުފެދޭނެތަ؟ ލޯތްބަކީ ހަމައެކަނި ނުދަންނަދެމީހުންގެ މެދުގައި އުފެދޭނެ އިޙްސާސަކީތަ؟” އަސަރުންފުރިގެންވި ފަދަ ގޮތަކަށް ރީޝަމް މިހެންބުނެ އިސްޖަހާލިއެވެ.

“ނޫން، ދެރަޙުމަތްތެރިންގެ މެދުގައި ވެސް ލޯބި އުފެދިދާނެ، އެކަމަކު އަހަރުމެންގެ މެދުގައި އެފަދަ ގުޅުމެއްނެތެންނު” ޝަދަފަށް އަދިވެސް ރީޝަމް ބުނަންއުޅޭ އެއްޗެއް ނުވިސްނުނެވެ.

“އަހަރެން ބޭނުން ޑިފީ ބޭނުންވާ ކަހަލަ ރަޙުމަތްތެރިއަކަށްވާން، އެކަމަކު… އަހަންނަށް މާފުކުރޭ” ޝަދަފާ ކުރިމަތިލާނޭ ހިތްވަރުނެތިފައި ރީޝަމް އިސްޖަހާލައިގެން އިނެވެ.

“މާފުކުރާށޭ، ތިބުނީ… ތިބުނީ ރީޝަމް މިކައިވެނި ހުއްޓުވަން މަސައްކަތްކުރީމޭތަ” ޝަދަފު ސުވާލުން ފުރިގެންވި ގޮތަކަށް ރީޝަމްއަށް ބަލަންއިނެވެ. އެހިނދު ރީޝަމް މަޑުމަޑުން ދެފަރާތަށް ބޯހޫރާލިއެވެ. ނޫނެކޭ ބުނުމުގެ ގޮތުންނެވެ.

“ދިސް އިސް ރިއަލީ މޭކިންގ މީ ކޮންފިއުސްޑް، ޕްލީޒް ރީޝް، ޖަސްޓް ކަމް ޓު ދަ ޕޮއިންޓް” މިހެންބުނަމުން ޝަދަފަށް އޭނާގެ ފައިގައި ދެއަތުން ޖަހާލެވުނެވެ. ކުޑަކޮށް ސިހުނު ރީޝަމް ފެންކަޅިވެފައިވާ ދެލޮލުން ޝަދަފަށް ބަލާލިއެވެ.

“އަހަރެން އުޅޭ ގޮތުން ޑިފީއަށް ހަމަ އެކައްޗެއްވެސް ނުވިސްނެނީތަ، ނޫނީ ނޭނގޭކަމަށް ހަދަނީތަ، ޑެމިޓް ޑިފީ، ރަޙުމަތްތެރިކަން ލޯތްބަށް ބަދަލުވީ ކޮންއިރަކުކަމެއް ޚުދު އަހަންނަށް ވެސް ނޭނގޭ، ޑިފީ މާލެ އަންނާނެ ދުވަހަކަށް އަހަރެން އިންތިޒާރުކުރި ވަރަށް އިންތިޒާރު ކުރި ދެވަނަ މީހަކު ނުހުންނާނެ، އެންމެ ދުވަހެއް ވެސް ނުދާނެ ޑިފީ މެއިލްއެއް ނުކޮށް، ބަޓް ޔޫ ޑޯންޓް ކެއަރ، ދިސް އިޒް ދި އޮންލީ ވޭ… އަހަންނަށް އަހަރެންގެ ލޯބި ހާސިލުވެވެން އޮތީ ކުރެވެން އުޅޭ ކައިވެނިންކަމަށް ވަންޏާ އަހަރެން މިކައިވެނި ހުއްޓުވަން ބޭނުންވާނެތަ؟ އިފް ޔޫ އަރ އިން މައި ޝޫޒް، އަހަންނަށް ޔަޤީން ޑިފީ ވެސް ކަންތައް ކުރާނީ ހަމަ މިފަދައިންކަން، ލޯބި މުހިއްމުވަނީ ހަމައެކަނި ޑިފީއަށްތަ؟ އަހަންނަށް ލޯބިލިބުން މުހިއްމެއް ނޫންތަ؟… ބަޓް ޔޫ ޑޯންޓް ކެއަރ… ޔޫ އަރ ޓޫ ސެލްފިޝް… އިޓް ހާޓްސް…” ރީޝަމް މޫނުގައި ދެއަތްއަޅާ ރޯންފެށިއެވެ. ހައިރާންވެ އަންތަރީސްވެފައި އިން މީހަކު ފަދައިން ޝަދަފަށް ގަބުވެފައި އިނދެވުނީއެވެ. ރީޝަމް ރޯންފެށުމުން އޭނާ ދެރަވެސް ވިއެވެ. އަނެއްކޮޅުން ރީޝަމްގެ ހިތުގައިވާ އެއްޗެއް އެނގުމުން އެކަމާ ފުންކޮށް ވިސްނަން އޭނާގެ ޟަމީރަށް މަޖުބޫރުވިއެވެ. ނިތްކުރިމައްޗަށް ވެރިފައި ހުރި އިސްތަށިތައް އަތްފުނާއަޅާލަމުން ފަހަތަށްވާ ގޮތަށް ރަނގަޅުކޮށްލާފައި ގޮނޑިއަށް ހަށިގަނޑު ދޫކޮށްލިއެވެ.

“ސޮރީ…” ރީޝަމް ރޮވިފައި ހުރި އަޑަކުން މިހެންބުނެ ތެދުވެގެން ދާން ހިނގައިގަތެވެ. އެވަގުތު ކުއްލިއަކަށް ޝަދަފު ރީޝަމްގެ އަތުގައި ހިފިއެވެ. އަދި ގެނެސް އޭނާގެ ގާތުގައި ބައިންދަމުން ރީޝަމްގެ ކޮނޑުގެ ވަށައިގެން އަތްއަޅުވާލާފައި ވަކިން ގާތްކޮށްލިއެވެ.

“އައި އަންޑަރސްޓޭންޑް، އެންޑް އައި އެމް ސޮރީ، އަހަންނަށް މާފުކުރޭ، ރީޝް އަބަދުވެސް ވާނީ އަހަރެންގެ ވަރަށް ގާތް ރަޙުމަތްތެރިއަކަށް، އަހަރެންގެ ފަރާތުން ރީޝްއަށް ނުބައި މެސެޖެއް ނެގޭފަދަ ސިގްނަލެއް ދެވިފައިވާނަމަ އެކަމަށް ވެސް މާފަށް އެދެން، ލޯތްބަކީ އެކަކު ވެސް ގަސްދުގައިވާ އެއްޗެއް ނޫން، އަހަރެންދެކެ ރީޝް ލޯބިވާކަން އެނގުނީމަ އަހަރެން ރުޅިއެއް ނާދޭ، އަހަންނާ ޢިޒްވާ ބައްދަލުނުވިނަމަ އަހަރެންގެ ހިތަކީ ވެސް ރީޝްގެ އެއްޗަކަށް ވީސްކަން ޔަޤީން، އެކަމަކު މިފަހަރު މާފުކޮށްދީ، މިފަހަރު އަހަރެންގެ ހިތަކީ ރީޝްގެ އެއްޗެއް ނޫން، މިފަހަރު މިހިތަކީ ހަމައެކަނި ޢިޒްވާގެ އެއްޗެއް، ޕްލީޒް ރީޝް، އަހަރެން ބޭނުމެއްނޫން އަހަންނާ ހެދި ރީޝް ތިގޮތަށް ހިތުގައިޖެހިގެން ރޯކަށް” ޝަދަފުގެ ވާހަކަތައް އަޑުއަހަން އިން ރީޝަމް ދެލޯ ފުހެލާފައި ޝަދަފުގެ ކޮނޑުގައި ބޯއަޅާލިއެވެ. އެދެޒުވާނުން ބަހެއްނުބުނެ އެގޮތުގައި އިރުގަނޑު ތިއްބެވެ. އޭރު ޝަދަފު ހޯދަމުން މަސްފެންގަނޑާ ދިމާލަށް އައި އަސްމަހާނަށް އެމަންޒަރުފެނުމާއެކު ދެލޯބޮޑުވެގެންދިޔައެވެ. އޮބިނޯވެގެންތެޅިގަތް ހިތާއެކު ކުރިއަށްޖެހިލީ އެއީ މަސްފެންގަނޑު ކައިރީ ހުރި ގޮނޑީގައި ތިބީ ޝަދަފާއި ރީޝަމް ތޯ ޔަޤީންކޮށްލުމަށެވެ. ދެލޯ ތަރަތަރަޖަހައިގެން ދިޔައެވެ. ދެފަޔަށް ބާރުލާފައި ހަލުވިކޮށް ފަހަތަށް އެނބުރި ހިނގައިގަތަވެ.

“ބިރެއް ފެނުނީތަ” އަސްމަހާނު އައިސް ޒަބާގެ އަތުގައި ހިފާ ދަމައިގަންނަމުން އޭނާއާއެކު ނިކަން އަވަހަށް އައުމަށް ބުނީމާ، ޒަބާ ހައިރާންވެފައި ހުރެ ބުންޏެވެ.

“އަހަންނަށް ފެނުނު މަންޒަރުން އަދިވެސް މިހުންނަނީ ޤަބޫލުނުކުރެވިފައި، ޒަބާ އަވަހަށް ހިނގާބަލަ، އަހަރެން ބޭނުން އަހަންނަށް ފެނުނު މަންޒަރު ޒަބާއަށް ވެސް ފެންނަން” އަސްމަހާނު އޭރުވެސް ޒަބާގެ އަތުން ދޫކޮށްނުލައެވެ. ދެމީހުންވެގެން ދުވަމުން ކަހަލަ ގޮތަކަށް ބަގީޗާތެރެއަށް ނުކުތެވެ. އަދި ސިއްރުސިއްރުން ދެމީހުންވެގެން އައިސް ގޮފިއެލޭ ގަހުގެ ނިވަލުގައި ތިބެ މަސްފެންގަނޑު ކައިރީ ތިބި ދެޒުވާނުންނަށް ބަލަމުންދިޔައެވެ. އޭރު ޝަދަފުގެ ކޮނޑުގައި ބޯއަޅާލައިގެން އިން ރީޝަމް އޭނާގެ ކޮނޑުން ބޯނެގީއެވެ. އެއާއިއެކު ޝަދަފު ލުއި ހިނިތުންވުމަކާއެކު ރީޝަމްއަށް ބަލާލިއެވެ. އަދި ރީޝަމްގެ ނިއުޅާލެވިފައި އޮތް ބުޅި އިސްތަށިގަނޑު މޫނުމައްޗަށް ވެއްޓިފައި ހުރި ދެތިން އިސްތަށިކޮޅު ރަނގަޅުކޮށްލަ ދިނުމާއިއެކު ދެއަތުން ކޯތާފަތް ފޮހެލަދިނެވެ.

“ޔޫ ވިލް އޯލްވޭސް ބީ މައި ފްރެންޑް” ވައިއަޑުން ކަހަލަ ގޮތަކަށް ޝަދަފު ބުންޏެވެ. ހިތަށް ކުރަމުން ދިޔަ އަސަރާއިއެކު ނުރޯން މަސައްކަތްކުރި ރީޝަމް ބޯޖަހާލިއެވެ.

“މިހާރު އަހަންނަށް ޝަދަފު ނުލިބުނަސް، ދެވަނަ ފަހަރަކުން އަހަރެން ޝަދަފު ދޫކޮށެއްނުލާނަން، ޝަދަފު އަހަރެންދެކެ ލޯބިނުވިޔަސް ތީ އަހަރެންގެ މީހަކަށް ހަދާނަން…” ރީޝަމް މިހެން ބުނެލުމާއިއެކު ޝަދަފު އަނެއްކާވެސް ހިނިތުންވެލިއެވެ. އަދި ބޯޖަހާލީ މައްސަލައެއްނެތޭ ބުނާފަދައިންނެވެ.

“އަލްހަމްދުއްލިއްލާހި! އަހަރެންގެ ދުޢާ އިޖާބަކުރައްވައިފި” އަސްމަހާނު މިހެން ބުނެލިއިރު ހީވަނީ އުފަލުންގޮސް އުދުއްސައިގަނެދާނެހެންނެވެ. ގޮނޑިން ރީޝަމް ތެދުވިތަން ފެނުމާއިއެކު އަސްމަހާން އާއި ޒަބާ އަވަސް އަވަހަށް އެނބުރި އައިކޮޅަށް ހިނގައިގަތެވެ.

“އަސްމާ ބުނީ ހަމަ ރަނގަޅަށް، ތަރަފް ބުނީމަ ޑިފީއަށް ފާޑުފާޑެއް ކުރާކަށް ނުކެރުނެންނު، މާދަމާ ހެނދުނުން ކައިވެނި ޢިއުލާންކުރަންވާނެ، އަހަރުމެން ނިންމާ ކޮންމެ ގޮތަކާ ޝަދަފު ރުހޭނެ، އޯ! އުފަލުގެ ކޮޅެއް ވެސް މިރޭ ނެތް، އަވަހަށް ރަސަލްއަށް މިޚަބަރު ދޭންވީ، ރަސަލްމެން މިހާރު ކައިވެނި ފޯމު ވެސް ލައިފި، އަހަންނަށް ވެސް ނޭނގޭ ހުރިހާކަމެއް ހަމަޖެއްސީ ކިހިނެއްކަމެއް ވެސް” ޒަބާ އުފަލުން ހުރިވަރު އޭނާގެ އަވަސްވެފައިވާ އަޑުން ހާމަވެއެވެ.

“އަހަރުމެންނަށް އެނގޭކަމަށް ވެސް ހަދާނެކަމެއްނެތް، މިހާރު އެނގިއްޖެ އެންނު އެދެކުދިންގެ މެދުގައި ގާތްގުޅުމެއް އެބައޮތްކަން” އަސްމަހާނު ބުންޏެވެ.

ކުއްލިއަކަށް ބޮޑުކޮޓަރިތެރެއަށް ވަދެގެން އައި ޝަދަފު ފެނި ޒަބާމެންގެ ވާހަކަހުއްޓުމަކަށް އައެވެ. އަދި ދެމީހުން އެކީހެން ޝަދަފަށް ބަލާލިއެވެ. އެހިނދު ޝަދަފު އެނދުނީ ގެއަށް ދިއުމުގެ ހުއްދައަކަށެވެ. އަސްމަހާނު ވެސް ބޭނުންވީ އޭނާއަށް މިރޭ ފެނުނު މަންޒަރާއިއެކު ޝަދަފު ހިތްހަމަޖެހޭނޭ ގޮތަށް ކަންތައް ކުރުމަށެވެ. އެހެންވެ ޒަބާ އާއި ކޮނޑާކޮނޑުޖައްސާ ސަލާމްކުރުމަށްފަހު ހެވިދިލިފައި ހުރެ އެނގެއިން ނުކުންނަން ހިނގައިގަތެވެ.

ރޭގަނޑުގެ އެއްދަން ހުސްވެގެން ދިޔައިރުވެސް ޢިޒްވާގެ ލޮލަށް ނިންޖެއް ނައެވެ. އޭނާގެ ހިތްއަވަސްވެފައި ނޭނގޭ ބިރުވެރިކަމެއް ހިތަށް ވެރިފައި ވެއެވެ. ކުރެވެނީ ކޮންކަހަލަ އިޙުސާސެއްކަމެއް ޚުދު އޭނާއަށް ވެސް ބަޔާންކުރަން އުނދަގޫވިއެވެ. ޝަދަފުގެ ފޯނުގައި އޮތްއިރު ވެސް އޭނާގެ ހިތުގެ ހާލު ބަޔާންކުރާނެހާ ހިތްވަރެއް ނުލިބުނެވެ. ފޯނުގައި ހުރެ އަލަމާރީގެ ދޮރުފަތުގައި އަޅުވާލާފައި ހުރި ހެދުމަށް އޭނާ ބަލާލިއެވެ. އަދި މަޑުމަޑުން އައިސް ހެދުމުގައި އަތްހާކާލިއެވެ. އެއާއިއެކު ހިތުގެ ހިނގުން އަވަސްވެގެން ދިޔައެވެ. މޭގައި އަތްއަޅާލެވުމާއިއެކު ޢިޒްވާ ދެލޯ މަރާލިއެވެ. އެވަގުތު ފޯނުގެ އަނެއްކޮޅުން ޝަދަފު ގޮވާލި އަޑުއިވުނެވެ.

“އެބަހުރިންތަ” ޝަދަފު އަހާލިއެވެ.

“ހޫމް… ޝަދަފު، އަހަރެން ވަރަށް ބިރުގަނޭ” ޢިޒްވާ ކަންބޮޑުވުން ފާޅުކުރިއެވެ.

“އަހަރެން ވެސް ވަރަށް ނާވަސްވެފައި މިހިރީ، މިރޭ ނިދާހިތެއްވެސް ނެތް، އިރުއަރާނެ އިރަކަށް އިންތިޒާރު ކުރެވެނީ، އޯ އިޒޫ! މާދަމާއަކީ އަހަރެންގެ ހަޔާތުގައި ލިބޭނެ އެންމެ ބޮޑު އުފާވެރިކަން ހާސިލުވާނޭ ދުވަސް، މިދެކޭ ހުވަފެންތައް ހަޤީޤަތަކަށް ވާނޭ ދުވަސް” ޝަދަފުގެ އަޑުގައި ހުރި އާދަޔާ ޚިލާފު އުފާވެރިކަން އޭނާ ނުފެނުނުކަމުގައި ވިޔަސް ޢިޒްވާއަށް ދެނެގަންނާކަށް އުނދަގުލެއް ނުވިއެވެ.

ފަތިސްވެ އިރުއެރީ ޢިޒްވާ އާއި ޝަދަފުގެ އިންތިޒާރަށް ނިމުންގެނެސްދެމުންނެވެ. ހެނދުނުން ފެށިގެން ޢިޒްވާ އުޅުނީ ނަވާލުގެ އަންހެނުންނާއި ސަމަރްއާއެކު ސެލޫންތަކުގައެވެ. ފޭޝަލްތަކާއި އިސްތަށިގަނޑަށް ތަފާތު ވައްތަރުތައް ޖެއްސުމުގައެވެ. މެންދުރުވާން އުޅެނިކޮށް އެމީހުންނާ ދެން ބައްދަލުކުރީ ޒައުލްގެ އަންހެނުން ޔޫހާއެވެ. އޭނާ އައީ ޢިޒްވާގެ ހެދުމާ ގުޅޭނޭ ގޮތަށް ބޫޓާ ފައިވާން ހިފައިގެންނެވެ. އޭގެތެރެއިން ޢިޒްވާއަށް އެންމެ ކަމުދާ އެއްޗެއް ހޮވުމަށެވެ.

ޝަދަފު ހޯދަން އޭނާގެ އެކުވެރިންކަމަށްވާ ޒައުލް އާއި ނަވާލު އައިކަން އަސްމަހާނަށް އެނގެއެވެ. އެހެންނަމަވެސް އެއްޗެއް ނުބުނީ ޝަދަފު ބޭރަށް ދިޔައީ އެމީހުން ހޯދަން އައީމާކަން އެނގޭތީއެވެ. ހެނދުނު އެގާރަޖަހާކަންހާއިރު ގެއިން ނުކުމެގެން ދިޔަ މީހުންގެ ޚަބަރެއް މެންދުރު ފަސް ދޭއްޖެހިއިރު ވެސް ނުވެއެވެ. އެހާއިރުވުމުން އަސްމަހާނު ކޮންމެވެސް ވަރަކަށް ކަންބޮޑުވާގޮތްވިއެވެ. އޭނާގެ ހިތަށް އެރީ ޝަދަފު އަނެއްކާ ޢިޒްވާއާ ބައްދަލުކުރަން އެގެއަށް ގޮސް އުޅެނީބާއެވެ. އެޚިޔާލު ހިތާ ސިކުނޑީގައި އެނބުރިގަތުމާއެކު ހިމޭނުން ހުންނަން ދަތިވިއެވެ. އަވަސް އަވަހަށް ލައިގެން ހުރި ހިމަޖިންސުގެ ޖީބުން ފޯނު ނެގުމާއެކު ޒައުލްއަށް ގުޅާލިއެވެ.

“ޒައުލް، މައި ޑިއަރ، ހަވީރު ތިކުދިން އަންނާނޭ ކަމަށް އަސްމައްތަ ސައިހަދައިގެން މިހިރީ، ޗީޒް ކޭކު ވެސް އަޅަން މިއުޅެނީ، އަންނާނަންތަ” އަސްމަހާނު ޒައުލްގެ ގާތުގައި ކުރަން ބޭނުންވި ސުވާލުގެ ބަދަލުގައި މުޅިން އެހެން ވާހަކައެއް ދައްކަންފެށިއެވެ. ބޭނުމަކަށްވީ އޭނާ އެގުޅީ ޝަދަފު ހުރިތަނެއް ހޯދުމަށްކަން ޒައުލްއަށް އެއްވެސް ވަރަކަށް ޝައްކުވިޔަ ނުދިނުމެވެ.

“މިއަދު ހަވީރު… ވަރަށް ބޮޑަށް ސޮރީ، މިއަދުމީ ވަރަށް ބިޒީ ދުވަހެއް، ޑިފީއަށް ވެސް އެނގޭނެ، އައެމް ރިއަލީ ސޮރީ” ޒައުލް ވިސްނާލާފައި ޖަވާބުދޭފަދަ ގޮތަކަށް ބުންޏެވެ.

“އެހެންތަ، ދެން އެހެން ދުވަހަކަށް ހަދާނީ ދޯ، ޑިފީ.. ޑިފީ… އެބައުޅޭތަ” އަސްމަހާނު އަހަން ނާހަން އުޅޭފަދަގޮތަކަށް ބުންޏެވެ.

“ލައްބަ، ޑިފީ އަތަށް ފޯނުދެންތޯ” ޒައުލް ވަގުތުން ބުންޏެވެ. އެއާއިއެކު އަސްމަހާނު ދެކޮޅު ހެދިއެވެ.

“ނޫން! ރަނގަޅުވާނެ، ބުނޭ މަންމަ ބުންޏޭ ރޭގަނޑު ކާގަޑިޖެހެންވާއިރަށް ގެއަށް އަންނައްޗޭ، ބޭރުގައި އުޅުނަސް މާބައިވަރު ޖަންކު ފުޑްސް ނުކައްޗޭ، އޯކޭ، ބާއީ…” އަސްމަހާނު ގާތްގޮތަކަށް މިހެން ބުނެލާފައި ފޯނުކޯލު ނިންމާލިއެވެ. އަދި އިރުކޮޅަކު ހުރިފިޔަވަޅުމަތީ މަޑުކޮށްލަމުން ފޯނުން އެއްއަތުގައި ތަޅާލީ ކަމަކާ ވިސްނާލާ ފަދަ ގޮތަކަށެވެ.

“ކޮންކަމާތަ މި ހާސްވަނީ، ޝަދަފު އެހުރީ ޒައުލްމެން ގޭގައި، އެގޭގައި ފާޑުފާޑަކަށް ނޫޅެވޭނެ، ލާއިގާ މޭމްއަކީ ނުލާހިކު ޒާތްކޮޅު ބޮޑު މީހެއް” އަސްމަހާނު ހިތާހިތުން ވާހަކަދައްކާލާފައި ފުންނޭވާއެއް ބޭރުކޮށްލިއެވެ. އަދި ހަމަޖެހިލިކަމުގެ ރަމްޒެއްގެ ގޮތުން އޭނާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވެގެންދިޔައެވެ. މަޑުހިނގުމުގައި އޭނާ ހިނގައިގަތީ ހަވީރު ތަރަފް އަންނަންވާއިރަށް ފެންވަރާ ތާޒާވެލުމުގެ ކުރިން ކަސްރަތުކުރާ ކޮޓަރިއަށް ދިއުމަށެވެ.

ސިޓިން ރޫމުގައި ހުރި އާދައިގެ ސޯފާ ދެގޮނޑި ހުރީ ފުރިފައެވެ. އެއްފަރާތުގައި ޓީވީއާ ކުރިމަތިވާގޮތަށް ހުރި ސޯފާގޮނޑީގައި ޒުވާން އަންހެން ކުދިންތައް އިށީނދެލައިގެން ތިބިއިރު އަރިމަތީގައި ހުރި ސޯފާމަތީގައި ތަފާތު ސާމާނުތައް އަޅާފައި ހުރި ފޮށިތަކާއި ކޮތަޅުތައް ތަރުތީބެއްނެތް ގޮތަށް އަޅާލެވިފައި ހުއްޓެވެ. އެންމެންގެ ކުރިމަތީ ޢިޒްވާ ހުރިއިރު އޭނާގެ ދެއަތުން ލައިގެން ހުރި ދިގު ޕާކިސްތާނު ހެދުމުގެ ފުޅާ ފަސްބައި ދެއަތުން ހިފަހައްޓާލުމާއިއެކު ހިއްލާލައިގެން ހުއްޓެވެ. އަދި ފަހަރަކު ބޫޓަކާއި ފައިވާނެއް ފަޔަށް ހެޔޮވަރުކޮށްލުމާއިއެކު އޭނާއަށް އިންސާފުކުރަން ތިބި އެކުވެރިންނަށް ބަލާލަނީ ކަންބޮޑުވެފައިވާ ނަޒަރަކުންނެވެ.

“ފައިއޮޅިގެން ވެއްޓިއްޖެއްޔާ ލަދުން މަރުވާވަރުވާނެ” ފުންނޭވާއެއް ބޭރުކޮށްލާފައި ޢިޒްވާ ބުންޏެވެ.

“އޭރުން މާރަނގަޅެންނު، ކޯޓުގައި ވެސް ޑިފީ ނުކުންނާނީ އިޒޫ ޑާލިންގ ކެރީކޮށްލައިގެން، ކިހާ ރޮމްވާނެ، ނޫންތަ ގާރލްސް” ސަމަރު ހީނލާފައި ބުންޏެވެ.

“މާދުރަކަށް ހިނގާކަށް ނުޖެހޭނެ، އެހެންވީމަ ހާސްނުވޭ، އަނެއްކާ އަހަރުމެން ވެސް ތިބޭނެއެންނު، އެހެންވީމަ ނާވަސްވުން ކުޑަވާނެ، ދެން އަދި ބުނަން، ހިނގާފަ ދާއިރު އެހާ ބޮޑަށް ފައިއެޅޭ ގޮތާމެދު ނުވިސްނާތި، އޭރުން އުނދަގުލެއްނެތި ހިނގާލެވޭނެ” ޔޫހާ ޚިޔާލު ބަދަލުކޮށްލިއެވެ.

އެޕާޓްމެންޓު ތެރޭގައި ހުރިހާ އަންހެން ކުދިން ހޭބޯނާރާ އުޅެނިކޮށް މީހަކު ދޮރުގައި ޓަކިޖެހި އަޑަށް އެންމެން ވެސް ދިޔައީ ސިއްސައިގެންނެވެ. ހީކުރީ ފިރިހެންވެރިން އައީކަމަށެވެ. އެހެންވެ އެންމެން ބެލީ ޢިޒްވާ ކޮޓަރިއަށްލާ ފޮރުވޭތޯއެވެ. ކައިވެނިކުރާތަނަށް ނުދެވެނިސް ޢިޒްވާ ނުދެއްކުމަށެވެ. ޢިޒްވާއަށް ކޮޓަރިއަށް ވަދެވުމާއެކު ސަމަރު އައިސް އެޕާޓްމެންޓުގެ މައިދޮރު ހުޅުވާލިއެވެ. އޭރު ދޮރުމަތީގައި ހުރީ ހާމިޒެވެ. ފޫހި ގޮތަކަށް ސަމަރަށް ބަލާލުމާއިއެކު އޭނާ އެޕާޓްމެންޓުގެ ތެރެއަށް ވަނެވެ. ސަމަރު ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ.

“ކޮބާ ޢިޒްވާ، މީ ކޮންކަންތައްގަނޑެއް، މިތަނުގައި މިހާރު ޕާޓީ ބާއްވާ މަޖާނަގަންފެށީ ދޯ” ހާމިޒުގެ އަޑުގައި ހަރުކަށިކަމާއި ރުޅީގެ އަސަރު އެކުލެވިފައި ހުއްޓެވެ. ކަންބޮޑުވުމާއިއެކު ސަމަރު އަވަސް އަވަހަށް އައިސް ކޮޓަރީގައި ޓަކި ދިނުމާއިއެކު ޢިޒްވާއަށް ގޮވާލިއެވެ.

“ކޮންބައެއް އައީ؟” ޔޫހާ އެތެރޭގައި ހުރެފައި އަހާލިއަޑުއިވުނެވެ.

“އިޒޫގެ ބޭބެ” ސަމަރު ފަތަށް އެނބުރި ހާމިޒަށް ބަލާލާފައި ދޮރުފަތާއި އަނގަ ކައިރިކޮށްލަމުން ބުންޏެވެ. އެއާއިއެކު ދެންފެނުނީ ކޮޓަރީގެ ދޮރުހުޅުވާލާފައި ޢިޒްވާ ނުކުންތަނެވެ.

“މީ ކޮންކަންތައްގަނޑެއްތަ؟” ޢިޒްވާގެ ބޮލުން ފެށިގެން ފަޔަށް ބަލާލި ހާމިޒު ނުރުހިފައި ބާރަށް ބުންޏެވެ. އެއާއިއެކު ކަންތައްތައް މާރަނގަޅު ނޫންކަމުގައި ޔޫހާގެ ހަވަނަ ހިއްސު ދެނެގަތަވެ. އޭނާ ކޮޓަރިތެރެއަށް ޖެހިލަމުން ފޯނު ނަގާ ޒައުލްއަށް ގުޅިއެވެ.

“އަހަރެން… އަހަރެން މިއުޅެނީ ކައިވެނިކުރަން، މިއަދު…” ޢިޒްވާ މިހެންބުނުމާއެކު ހާމިޒު ހީވީ ހަމައިން ނެއްޓުނު ހެންނެވެ.

“ކޮންކައިވެންޏެއް، ވަލީދޭން ހުރި މީހަކީ އަހަރެން، ހީވޭތަ އަހަރެން ޤަބޫލުހެން، ހަމަމިހާރު ފޮއްޓަށް އެއްޗެހި އަޅާ، މިތަނުން އަހަންނެއް ނުނިކުންނާނަން ޢިޒްވާ ގޮވައިގެން ނޫންގޮތަކަށް، މިގޭ ވެރިމީހާ ގާތު ބުނެފައިއޮންނާނީ މިމަހު މިތަން ހުސްކޮށްދޭނަމޭ، ޢިޒްވާގެ މަންމަ މަރުވީމަށްފަހު ދެން ބަލަދު އަރާ މީހަކީ އަހަރެން، އެހެންވީމަ އަހަރެން ބުނިގޮތެއް ހަދައިގެން ޢިޒްވާ އުޅެންޖެހޭނީ، ބަލަ އޭތް! ކިހިނެއްވެފައިތަ ތިހުންނަނީ، މިބުނީނު ފޮށްޓަށް ކަލޭގެ އަންނައުނުތައް އަޅައިގެން ދާން ހިނގާށޭ، އިރުއޮއްސި ހައެއްޖަހާއިރު އޮޑިފުރާނެ، އެހާއިރަށް އަހަންނާއިއެކު އެއަށް ޢިޒްވާ ވެސް ޖެހޭނީ އަރަން، ދޭ! ދޭ، ދޭ! އެއްޗެހި ތައްޔާރު ކުރަން ދޭ” ހާމިޒު، ޢިޒްވާގެ ކޮނޑުގައި އަތްއަޅާ ކޮއްޕާލިއެވެ.

“އަހަރެން ނުދާނަން ރަށަކަށް، ބަލަދުއަރަނީ ހާމިޒުބެއަށް ވިޔަސް އަހަރެންގެ އެއްވެސް ކަމެއް ކުރާކަށް ހާމިޒުބެއަކަށް ނުޖެހޭނެ، އަހަރެން މިއުޅެނީ ކައިވެނިކުރަން، ހާމިޒުބެ ވަލީ ނުދެންޏާ އެހެންގޮތް ގޮތް ވެސް އޮންނާނެ، އަހަންނަކީ ކުޑަކުއްޖެއްނޫން” ޢިޒްވާ ހިތްވަރު ނެރެމުން ވާހަކަދެއްކިއެވެ.

“އަހަރެން ގޮސް ފޮށްޓަށް އެތިކޮޅު އަޅައިގެން ދަމާފަ ނެރެންވީތަ، އޭރުން ދޯ ދާނީ” ހާމިޒު ރުޅިގަދަވެގެން ބުންޏެވެ.

“ބޭބޭ، ރުޅިމަޑުކޮށްބަލަ، އިޒޫ އެއުޅެނީ ގޯސްކަމެއް ކުރާކަށް ނޫނެންނު، ކައިވެނިކުރަން އުޅޭ ދެމީހުން ދުރުކުރަންވީ ކީއްކުރަން” ޔޫހާއަށް މަޑުން ނުހުރެވިގެން ބުންޏެވެ.

“ތީ ކާކުތަ އަހަރުމެންދެމީހުންގެ ވާހަކައިގެތެރެއަށް ވަންނަން، ކަލޭ އަނގަމަޑުންލައިގެން ހުރޭ” ހާމިޒުގެ ރަތްވަމުންއައި ދެލޮލާއެކު ޔޫހާއަށް ބާލިލިއެވެ. އެއާއިއެކު ނަވާލުގެ އަންހެނުން ވެސް މަޑަކުން ނުހުއްޓެވެ. ހާމިޒު، ޢިޒްވާއަށް ގޮތެއް ނުހަދަނިސް ސަމަރު އޭނާގެ އެކުވެރިޔާ އެމީހުންގެ ގާތަށް ގެނައެވެ. ހާމިޒު އެއްކޮޅުގައި އަނެއްކޮޅުގައި ޢިޒްވާއާ އޭނޭގެ ރައްޓެހިންތިބެ ޒުވާބުކުރަމުން ދިޔައެވެ. މިގޮތުގައި ގިނައިރެއްނުވަނިސް އެތަނަށް އައިސް ފުރަތަމަ ވެސް ވަނީ ޒައުލް އާއި ނަވާލެވެ.

“ތީ ޢިޒްވާގެ ބޭބެ ދޯ، ޝަދަފު އެބަހުރި ބޭރުގައި، ވާހަކަދައްކާލަން އިހަށް ބޭރަށް ނުކުންނަންވީނު، ފަހަރެއްގައި އެއްބަސްވުމަކަސް އާދެވިދާނެ” ޒައުލް ވާހަކަދެއްކިއެވެ. ހާމިޒު އެދެޒުވާނުންގެ މޫނަށް ބަލާލުމާއިއެކު ލައިގެންތިބި ހެދުމާ އަތުކުރީގައި އޮތް ގަޑިއަށް ބަލާލާފައި އެއީ ކޮންފެންވަރެއްގެ ބައެއްކަން ދެނެގަތް ކަހަލައެވެ.

“ތި ޝަދަފަކީ ކޮންމެހެން ޢިޒްވާދެކެ ލޯބިން އޭނާއާ އިންނަން އުޅޭ ފިރިހެނެއްނޫން، އެހެންނޫންނަމަ ލޯތްބަށްޓަކައި އޭނާ ކޮންމެފަދަ ހޭދައެއް ކުރަންޖެހުނުކަމުގައިވިޔަސް ފަހެއްނުޖެހޭނެ” ހާމިޒު އަނެއްކާ ވެސް ޒުވާބުކުރަން އުޅުނެވެ. އެއާއިއެކު ނަވާލު އިންޒާރުދޭ ފަދަ ގޮތަކަށް ވާހަކަދެއްކިއެވެ. އެތަނަށް ފުލުހުން އަތުވެއްޖެނަމަ ކަންތައްތައް ވެގެންދާނީ ކިހިނެއްކަން ހާމިޒުގެ ޚިޔާލަށް ގެނައުމަށް ބުނަމުންނެވެ. މިއަދު ބާރު އޮތީ ހާމިޒުގެ އަތަކު ނޫންކަން ހަނދާންކޮށްދޭ ކަހަލަ ގޮތަކަށެވެ. ހާމިޒު، ޢިޒްވާއަށް ލޯއަޅާލަމުން އެޕާޓްމެންޓުން ނުކުތެވެ. އޭނާގެ ފަހަތުން ޒައުލް އާއި ނަވާލު ނުކުތެވެ.

“އަހަރެން ނުބުނަންތަ ޢިޒްވާ އަހަރެން ގެންދާނަމެކޭ، މިދުވަސް އަންނާނެކަން ޝަދަފަށް ނޭނގިއެއް ނޯންނާނެ” ގޭގެ އެންމެ ތިރީ ސިޑިދޮށުގައި މަޑުކޮށްލައިގެން ހުރި ޝަދަފު ފެނުމާއެކު ހާމިޒު ބުންޏެވެ.

“ބޭބެ ހެދީ ބޮޑުދޮގެއްކަން އަޅުގަނޑަށް އެނގޭ، އެހެންވެ ފައިސާ ނުދިނީ، އަނެއްކޮޅުން އަޅުގަނޑަކީ މަހުޖަނެއްގެ ދަރިއަކަށް ވިޔަސް އެފައިސާ ހުންނަނީ އަޅުގަނޑުގެ އަތުގައި ޖެހޭ ހިސާބަކު ނޫން، އަޅުގަނޑު ޢިޒްވާއާ ކައިވެނިކުރަން މިއުޅެނީ، ބޭބެގެ ރުހުން ނުލިބެންޏާ، ނުރުހުމުގައި ވިޔަސް މިއަދު މިކައިވެނިކުރެވޭނެ، އެއަށްފަހު ޢިޒްވާ ވާނީ އަޅުގަނޑުގެ އަނބިމީހާއަށް، އޭނާގެ މައްޗަށް އަޅުގަނޑުގެ ބާރު އެކަނި ހިނގާނީ، އަޅުގަނޑަށް ރަނގަޅީ ބޭބެ ވެސް މިކަން ބޮޑު ކަންތައްގަނޑަކަށް ނުހަދާ އަޅުގަނޑުމެންގެ ކައިވެންޏާ ޤަބޫލުވުން، މީގެ އިތުރުން މިއޮތީ ތަޅުދަނޑި، މީއަޅުގަނޑުގެ ކާރެއް، އަދި މިކަހަލަ ކާރެއް ރާއްޖެއަކަށް އެތެރެއަށް ނުކުރޭ، ވިއްކާލަން ބޭނުންވަންޏާ ވިއްކާލިޔަސް ބޭބެ ބޭނުންވެގެން ތިއުޅޭ އަދަދަށްވުރެ އެތަށްގުނައެއް ބޮޑުކޮށް ވިއްކާލެވެނޭ، އެހެންވީމަ އަގުނުދެވޭކަމަކަށް ވެސް ނުވާނެ، ބޭބެ ބޭނުންވަނީ އެކާރު ރަށަށް ގެންދަން ކަމުގައި ވަނީނަމަ، އެކަން އަޅުގަނޑުގެ މިދެރަޙުމަތްތެރިން ހަމަޖައްސައިދޭނެ” ޝަދަފުގެ އުފަންދުވަހުގެ ހަދިޔާއެއްގެ ގޮތުން އޭނާއަށް ލީވާން ދިން ކާރުގެ ތަޅުދަނޑި ހާމިޒުއަށް ދިއްކޮށްލައިގެން ހުއްޓެވެ. ހާމިޒު އޭނާގެ ކުރިމަތީގައި ހުރި ޝަދަފަށާއި، އަދި ދެފަރާތުގައި ތިބި ޝަދަފުގެ ދެރަޙުމަތްތެރިންގެ މޫނަށް ވަރަށް ރަނގަޅަށް ބަލާލިއެވެ. މޫނުމަތިން ފާޅުވެގެން ދިޔަ އަސަރުތަކުން ހާމިޒު، ޝަދަފު ހުށަހެޅި ހުށަހެޅުމާއިމެދު ވިސްނާލިކަން ފެނިގެންދިޔައެވެ.

“ތިޔަ ކާރެއް އަހަންނެއް ނުދެކެން، އޭގެ ރަޖިސްޓަރީއާ އެއްޗެހި ކޮބާ” ހާމިޒުގެ ވާހަކައިން އޭނާ ޝަދަފުގެ ހުށަހެޅުން ޤަބޫލުކުރަން ބޭނުންކަން އެނގުމާއިއެކު މޫނުމަތިން ނުތަނަވަސްކަން ފިލައިގެން ދިޔައެވެ. އަދި އަވަސް އަވަހަސް ފޯނު ނަގާ އޭގެއި ހުރި ޝަދަފުގެ ކާރުގެ ފޮޓޯތައް ދައްކާލިއެވެ.

“ހާސްނުވޭ، އޮފީސްތަކުގެ ރަސްމީ ވަގުތު މިހާރު ނިމެއްޖެ، އެހެންނޫންނަމަ މިއަދު ވެސް ކާރުގެ ރަޖިސްޓްރީ ތިބޭފުޅާގެ ނަންމައްޗަށް ބަދަލުކޮށްދެއްވީމުސް، އެކަމަކު ދެން އެކަންވާނީ މާދަމާ، އިރާދަކުރެއްވިއްޔާ މާދަމާ މެންދުރު އެއްގަޑި ބައިވަންވާއިރަށް ރަޖިސްޓަރީ ހަވާލުކޮށްދޭނަން” ނަވާލު ގަޔާނުވެ ހުރެ ހާމިޒަށް ބުނެލިއެވެ.

“ގެރެންޓީއެއްގެ ގޮތުގައި އަޅުގަނޑު މިވަގުތު ފަސްހާސް ރުފިޔާ ވެސް ދީފާނަން” ހާމިޒު ރުއްސުމަށް ޒައުލް އަވަސް އަވަހަށް ބުނެލިއެވެ. ނިތްކުރިއަށް ރޫއަރުވާލަމުން ހާމިޒު ވިސްނާލާފައި ޝަދަފު ދިއްކޮށްގެން ހުރި ތަޅުދަނޑީގައި ހިފިއެވެ. އަދި ޒައުލްއަށް އަތްދިއްކޮށްލުމާއިއެކު ޒައުލް އޭނާގެ ފަޓުލޫނު ޖީބުން ޗެކުފޮތްނަގާ ޗެކެއް ތައްޔާރުކޮށްލިއެވެ. ވަގުތުން ހާމިޒުއަށް ޗެކު ދިނުމާއިއެކު އޭނާ ބޯޖަހާލަމުން ނަވާލަށް ބަލާލާފައި ޝަދަފަށާއި ޒައުލަށް ބަލާލިއެވެ.

“މާދަމާ އެއްގަޑި ތިރީސް” ސުންގަނޑި ތަކުރާރުކޮށްލާފައި ހާމިޒު ނުކުމެގެން ދާން އުޅުނެވެ. އެއާއިއެކު ނަވާލު އޭނާ ހުއްޓުވިއެވެ. އެމީހުންނާއެކު ކޯޓަށް ދާންޖެހޭނެ ކަމުގައި ބުންޏެވެ. ޤާޒީގެ ކުރިމަތީގައި އޭނާގެ ރުހުން ލިބެން ޖެހޭނެތީއެވެ.

“މިއަންނަނީ ހުރިހާ ކަމެއް ހަމަޖެހުނު ވާހަކަބުނެފައި” ޒައުލް މިހެން ބުނެ ސިޑިން މައްޗަށް އެރިއެވެ.

“ހުރިހާކަމެއް އޯކޭވެއްޖެ، އިޒޫ ހާސްނުވައްޗޭ، އަހަރުމެން މިތިބީ ކަމަކުއެންނު، ދޯ ޔޫހާ، ދެން ގިނައިރެއްނެތް، ހަވާއެއްވަރު އޮތީ، ހަތަރުގަޑިބަޔަށް ދާންޖެހޭނެ، ޖަމާލު ފޮނުވާނަން، އޭނާ އައިސްފައި ޔޫހާއަށް ގުޅާނެ، ފޯނަށް ސަމާލުކަން ދެއްޗޭ، އެހާތަނަށް ތިބެންވާނީ ތައްޔާރުވެ ނިމިފައި” ޒައުލް މިހެން ބުނެފައި ޔޫހާއަށް އެއްލޯ މަރާލަމުން އެޕާޓްމެންޓުން ނުކުތެވެ.

ހާސްވެގެންގޮސް ޢިޒްވާގެ ބޮލަށް އެނބުރުން އަރާގޮތްވިއެވެ. ހާމިޒު ކަންތައްކުރިގޮތުން އޭނާ ހުރީ ފާޑަކަށް ބިރުވެސް ގަނެފައެވެ. ބޮލުގެ އެއްފަރާތަށް ބަރުވުމާއިއެކު މޫނުމައްޗަށް އަނދިރިވާ ކަހަލަ ގޮތެއްވުމުން ޢިޒްވާއަށް އޭނާގެ ގާތުގައި ހުރީ ކާކުކަމެއް ނޭނގުނަސް އެމީހެއްގެ ގައިގާ ވަގުތުން ހިފަހައްޓާލެވުނެވެ.

“ޢިޒްވާ” ޔޫހާ އާއި ސަމަރުގެ އަޑުއިވުނެވެ. އޭރު އޭނާގެ ގައިގާ ހިފަހައްޓާލައިގެން ނަވާލުގެ އަންހެނުން ހުއްޓެވެ. އެންމެން އަވަސްވެގަތީ ޢިޒްވާގެ މޫނުގައި ފެންފޮދެއް އުނގުޅާލުމަށްފަހު އޭނާ ހަމައަކަށް އެޅުވޭތޯއެވެ. ވަގުތު ކުޑަތަންވެފައި ވަނިކޮށް ޢިޒްވާއަށް ކަމެއްވެގެން ނުވާނެއެވެ. އެންމެންނަށް ވެސް ޢިޒްވާގެ ހާލު ވިސްނޭކަހަލައެވެ. އޭނާއަށް ހިތްވަރުދެމުން އެމީހުން ދިޔައެވެ. ގިނައިރެއްނުވެ ޢިޒްވާ މަޑުމަޑުން ތެދުވިއެވެ. ލައިގެން ހުރި ހެދުން ރީތިކޮށްލަމުން ކައިރިކައިރިގައި ފިޔަވަޅުއަޅަމުން ކަހަލަ ގޮތަކަށް ކޮޓަރަށް ވަނެވެ.

“އެހާގިނަ ވަގުތެއް ދެންނެތް، އަހަރުމެން ވެސް ތައްޔާރުވެލައިގެން ތިބެން ފެންނަނީ” ޔޫހާ އަތުކުރީގައި އޮތް ގަޑިއަށް ބަލާލަމުން ބުންޏެވެ.

އެންމެފަހުގެ ޒީނަތްތެރިކުމުން ޢިޒްވާ ޒީނަތްތެރިކޮށްލާފައި އިންއިރު އޭނާގެ ރީތިކަން ވަރަށް ވެސް ފުރިހަމައެވެ. މިއަދު ވަކިން ޢިޒްވާގެ ހަންގަނޑު އޮމާންވެފައި ދޮންހެން ހީވެއެވެ. އާންމުކޮށް މޭކަޕުނުކުރާ ޢިޒްވާއަށް މިއަދު ކޮށްފައި ހުރި މޭކަޕުން ވެސް އިތުރު ފުރިހަމަކަމެއް ވަނީ ގެނެސްދީފައެވެ.

ޖަމާލުގެ ފޯނުކޯލު ލިބުމާއިއެކު ޔޫހާ އެންމެނަށް އަންގާލީ ދާންވީކަމުގައެވެ. އެއާއިއެކު ސަމަރު އެޕާޓްމެންޓުގެ ހުރިހާ ދޮރެއް ލައްޕާތަޅުލާންފެށިއެވެ. ހުރިހާބޮކިތަކެއް ނިވާލުމާއިއެކު ސަމަރު އެޕާޓްމެންޓުގެ ދޮރުލައްޕާލިއެވެ. އަދި އެދޮރު ވެސް ތަޅުލުމާއިއެކު ސިޑިން ތިރިއަށް ދިއުމަށް ހިނގައިގަތެވެ. ހަތަރު އަންހެން ކުދިން ގޯޅިތެރޭން ލާފައި މައިމަގަށް ނުކުންނަން ދިޔައިރު އެތަނުގައި އާންމުކޮށް އޮންނަ ގުރޫޕުގަނޑު އޮތެވެ. އެމީހުންގެ ފަރާތުން ވެސް މިއަދު އިވިގެންދިޔައީ އެއިންކޮންމެ އަންހެން ކުއްޖަކަށް ތަޢުރީފުގެ ބަސްތަކެވެ. ކާރާ ހަމައަށް ދެވުނުއިރު ޖަމާލު ކާރުކައިރީ މަޑުކޮށްލައިގެން ހުއްޓެވެ. ޔޫހާމެން ފެނުމުން އަވަސް އަވަހަށް ކާރުގެ ފަހަތު ދޮރު ހުޅުވާލިއެވެ. ޢިޒްވާ ކާރަށް އެރުމާއެކު ޔޫހާ އެރީ ކާރުގެ ކުރީ ސީޓަށެވެ. ދެންތިބިމީހުން ތިބީ ޢިޒްވާއާއެކު ފަހަތުގައެވެ. ޢާއިލާ ކޯޓާ ދިމާލަށް ކާރުގެ މިސްރާބު ޖަމާލު އަނބުރާލިއެވެ. ޢިޒްވާގެ ހިތުގެ ހިނގުން ވަކިން އަވަސްވެފައި ވެއެވެ. އޭނާ އުފާ ވެސް ވެއެވެ. އަނެއްކޮޅުން ނޭނގޭ ބިރުވެރިކަމެއް ވެސް އެހިތަށް ވެރިވެފައިވެއެވެ.

ރަޙުމަތްތެރިންގެ ހާޒިރުގައި ކޯޓުގައި ޝަދަފު ހުރިއިރު އޭނާ ކެތްތެރިކަން ކުޑަގޮތަކަށް ދެކޮޅަށް ހިނގާލަ ހިނގާލަ ހުއްޓެވެ. އެތަނުގައި ތިބި ގިނަ ބައެއްގެ ނަޒަރު އެމީހުންނަށް ހުއްޓިފައި ވެއެވެ. ނަމަވެސް އެކަމަށް އެއްވެސް ފަރުވާލެއް ޝަދަފުގެ ނެތެވެ. އެއްފަރާތުގައި ހުރި ދޮރުހުޅުވާލާފައި ވަދެގެން އައި އަންހެން ގުރޫޕުގެ ތެރެއިން ޝަދަފަށް ޢިޒްވާ ފެނުނީ ހުވަފެނީގޮތަކަށެވެ. ވަގުތު މަޑުޖެހުނުކަހަލައެވެ. ތުންފަތަށް ލުއިލުއި ހިނިތުންވުމެއްވެރިވުމާއިއެކު ފުންނޭވާއެއް ލިއެވެ. ހިތަށް ހަމަޖެހުން ލިބުނު ފަދަ ގޮތަކަށެވެ. މަޑުމަޑުން ޢިޒްވާއަށް އަތްދިއްކޮށްލިއެވެ. އެއާއިއެކު ހެދުމުގައި ހިފަހައްޓާލައިގެން ހުރެ އައިސް ޝަދަފުގެ އަތުގައި ހިފާލީ ނިކަން ބާރަށެވެ. ހާސްވެފައި ހުރިވަރުންނެވެ. އޭރު އެންމެންގެ މޫނުމަތިން ފެންނަމުން ދިޔައީ އުފާވެރިކަމެވެ.

“ޒިޔާން، ތިއައީތަ” ތަރަފް އާއި ރަސަލްގެ އޮފީހަށް ވަދެގެން އައި ޒިޔާން ފެނިފައި ރަސަލް ބުނެލިއެވެ. އޭރު އިރުއޮއްސެން ކައިރިވެއްޖެއެވެ. އެމީހުން ޒިޔާންގެ އިންތިޒާރުގައި ތިބޭތާ ވަރަށް އިރުވެއްޖެއެވެ. މިއަދަކީ ޝަދަފުގެ ކައިވެނި ހަމަޖެހިއްޖެކަމުގެ އުފާވެރި ޚަބަރު ޒިޔާން ދޭންއޮތް ދުވަހެވެ.

“ވަރަށް ދެރަގޮތެއްވެއްޖެ” ޒިޔާންގެ މޫނުމަތިން ފެންނަނީ ކަންބޮޑުވުމެވެ. އެކަން ރަސަލް އާއި ތަރަފްއަށް ނަގައިގަނެވުނީ ދެނެވެ.

“ކިހިނެއްވީ، ތާރީޚެއް ހަމަނުޖެހުނީތަ، ނޫނީ އިތުރަށް ފައިސާ ބޭނުންވަނީތަ” ރަސަލް އަނެއްކާ ވެސް ސުވާލުކުރިއެވެ.

“ތަރަފް، ޝަދަފުގެ ކައިވެނި މިއަދަށް ހަމަޖެހިފައި އޮތީ، އެކައިވެނި މިއަދު ކުރެވޭނެ” ޒިޔާން ހާސްވެފައި ހުރި އަތުގައި އޮތް ފައިލުގެ ތެރެއިން ލިޔުމެއްނަގާ ތަރަފްއަށް ދައްކާލިއެވެ. އޭނާއަކީ އެމީހުންގެ ޢާއިލީ ވަކީލެއްކަމަކު މިއަދު އޭނާއަށް ހަވާލުކުރެވުނު ކަންތައް ނުކުރެވުނު ކަމުގެ އިޙުސާސް ޒިޔާންއަށް ކުރެވުނެވެ.

“މީ ކޮންއިރަކު ލާފައި އޮތް ފޯމެއް؟ މިކަމެއް އޮތީ ކޮންއިރަކު” ތަރަފް ކުއްލިއަކަށް ގޮނޑިން ތެދުވިއެވެ.

“ޝަދަފު މާކުރިން ކައިވެނިކުރުމަށް ފޯމުލާފައި އޮތީ، މިއަދު ހަވީރު އެކައިވެނި ކުރަން ހަމަޖެހިފައި އޮތީ، މިހާރު ހީވަނީ ޝަދަފުގެ ކައިވެނި ކުރެވިދާނެހެން، އަހަންނަށް މާފުކުރޭ ތަރަފް، މަޢުލޫމާތު ލިބުނީ ދެންމެ، ވީއެންމެ އަވަހަކަށް އަހަރެން މިއައީ، މީ އަހަންނަށް އެތަނުން ލިބުނު ކޮޕީއެއް” ޒިޔާން ބުންޏެވެ.

“ޝަދަފް….” ރަސަލްގެ މޫނުމަތިން ވެސް ކަންބޮޑުވުން ފާޅުވެގެން ދިޔައެވެ.

“ރަސަލް، އަވަހަށް ހިނގާބަލަ ގެއަށްދަމާ، ޝަދަފު ހުރިތަނަކުން އޭނާ ހޯދަން އެބަޖެހޭ” ތަރަފް، ރަސަލްއަށް ބަލާލަމުން މިހެންބުނެ މޭޒު ކައިރިން ނުކުމެ އޮފީހުން ނުކުންނަން ހިނގައިގަތެވެ. އޭނާގެ ފަހަތުން ރަސަލް ދިއުމުން ހަދާނެގޮތެއް ނޭނގިފައި ހުރި ޒިޔާން ވެސް ހިނގައިގަތީ އެމީހުންނާއެކު ދިއުމަށެވެ.

ސްޓަރލައިޓު ހޭވަންގެ ދޮރުހުޅުވާލުމާއިއެކު ބޮޑުކޮޓަރިތެރެއަށް ޒަލްޒަލާއެއް އައިސްފައިވާކަން ތަރަފް އާއި ރަސަލްއަށް ދެނެގަނެވުނެވެ. އޭރު ރީތިކޮށް ނަލަވެލައިގެން ތިބި ދެޒުވާނުން އަސްމަހާނުގެ ކުރިމަތީގައި ތިއްބެވެ. ހަލުވިކޮށް އައިސް އެދެޒުވާނުންގެ ކުރިމައްޗަށް އެމީހުން ހުއްޓެވުނީ ކިރިޔާއެވެ. އަސްމަހާނު ރޮމުން އޭނާގެ ކުރިމަތީ ހުރި ޝަދަފުގެ މޫނުގައި ހޫނުއެތިފަހަރެއް ޖެހިއެވެ.

“ޝަދަފަށް މަންމަމެން ނުވި އެއްވެސް އެއްޗަކަށް، އެހެންނޫންނަމަ މިކަމެއްނުކުރާނެ، ކީއްކުރަން މިގެއަށް ތިއައީ، އިނދެގެން އުޅެވޭނެގޮތް އޮތީމަ އެންނު ތިހެންކަންތައް ކުރާނީ، މިގެއިން ޝަދަފަށް ނުލިބޭނެ އެއްވެސް އެއްޗެއް، މިއަންހެންމީހާ ގޮވައިގެން ޝަދަފު އުޅޭނެގޮތަކަށް އުޅެން މިގެއިން ނުކުމޭ، މިގޭ ދޮރު މިއަދުން ފެށިގެން ޝަދަފަށް ބަންދުވީ، މިހިރަ އަންހެން މީހާއާ އިނދެގެން އުޅޭހާ ދުވަހަކު އެނބުރި އައިސްގެން ނުވާނެ” އަސްމަހާނު ރޮވިފައި ހުރެ އެއްޗެހި ކިޔަމުންދިޔައެވެ. މަޑުމަޑުން އެއްފަރާތަށް ޖެހެވުމުން ދިޔަ އަސްމަހާނަށް އޭނާގެ ދެއަތަށް ބަލާލެވުނެވެ. ހުރިހާ ކުދިންގެ ތެރެއިން އޭނާ އެންމެ ލޯބިވަނީ ޝަދަފު ދެކެއެވެ. އެންމެ ތުއްތުއިރުންފެށިގެން އޭނާއަކީ އަސްމަހާނާ ނުލާ އެއްވެސް ކަމެއް ކުރެވޭ ކުއްޖެއްނޫނެވެ. އެހެންނަމަވެސް މިއަދު އޭނާގެ ކުރިމަތީގައި އެހުރީ އޭނާ ލޯބިން ބަލާބޮޑުކުރި ދަރިފުޅެއްނޫނެވެ. ހިތަށް އިތުރުވޭނެއް އޭނާގެ ދެއަތުން އެދަރިފުޅު ހިމާޔަތްކުރުމަށްފަހު މިއަދު އެދެއަކުން އެދަރިފުޅުމުގެ މޫނުމަތީގައި ޖަހަންޖެހުނީމައެވެ. ދެލޯމަރާލުމާއިއެކު ދެލޮލަށްޖަމާވެފައި ހުރި ކަރުނަތައް ކޯތާފަތުން ފައިބައިގެންދިޔައެވެ.

“މަންމާ، ޕްލީޒް، މަންމަ އަޅުގަނޑުދެކެ ލޯބިވާވަރު ނޭނގޭތީއެއްނޫން އަޅުގަނޑު އިޒޫއާ ކައިވެނިކުރީ، މަންމާ، އަޅުގަނޑުގެ އުފަލަކީ މަންމަގެ އުފަލެއްނޫންތަ، އަޅުގަނޑު މި ޢާއިލާގެ އަގުވެއްޓޭނޭފަދަ ކަމެއް ނުކުރަން، މަންމަގެ ތަރުބިއްޔަތުގައި އުނިކަމެއްނުވޭ، ޕްލީޒް މަންމާ، ނުރޮއެ… މީގެ ކުރިން ވެސް އަޅުގަނޑު ކުރާކަންތައްތަކަށް މަންމަ މާފުދެއްވަމެންނު، މިފަހަރު ވެސް އެއްފަހަރަށް ކަމަށް ހަދާފައި އަހަންނަށް މާފުކޮށްދީ” ފެންކަޅިވެފައި ހުރެ ޝަދަފު އައިސް އަސްމަހާނުގެ ދެއަތުގައި ހިފާލަން އުޅުނެވެ. އެވަގުތު އަސްމަހާނު ދަރިފުޅުގެ އަތްފޮޅުވާލިއެވެ.

“ޝަދަފުގެ މަންމައެއް ނުހުންނާނެ، އެހެންނޫންނަމަ މަންމަ ނުރުހޭކަމެއް ނުކުރީސް، އެވަރަށް ބުނީމަވެސް މި މަންމަގެ ބަސްނުވި އެކައްޗަކަށް ވެސް، މިއަދު ޝަދަފު މަންމައަށް މުޖުބޫރުކުރުވައިފި އަތްއިސްކުރަން… އެކަމަކު…” އަސްމަހާނު ރޮމުންރޮމުން އެއްފަރާތުގައި ހުރި ބިއްލޫރިވާސްގައި ދެއަތުން ޖަހާ ތަޅާލިއެވެ. ކަންބޮޑުވެފައި އެންމެ އެދިމާލަށް ދިޔައެވެ. ޝަދަފު އޭނާގެ މަންމަގެ ގައިގާ ހިފަހައްޓަން އުޅުމުން އެކަން އަސްމަހާނު މަނާކުރިއެވެ. އެދެމެދަށް ތަރަފް ވަނުމާއިއެކު ކުއްލިއަކަށް ޝަދަފަށް އިޝާރާތްކުރިގޮތުން އެނާ ކައިރިނުވާށޭ ބުނިކަހަލައެވެ. ހުއްޓުން އަރާފައި ޝަދަފު ހުރީއެވެ. ޢާއިލާގެ ހުރިހާ މެންބަރުންހެން އޭރު އެތަނުގައި ހަމަވެއްޖެއެވެ. ބޮޑުކޮޓަރީގެ ދޮރުކައިރީ ޝަދަފާއި ޢިޒްވާ ގޮވައިގެން އައި ނަވާލާއި ޒައުލް މަޑުކޮށްލައިގެން ތިއްބެވެ. ނަވާލުގެ މޫނުމަތިން ހިތްހަމަނުޖެހުން ފާޅުވޭވޭ ހުއްޓެވެ. ޒައުލް ހުރީ ކަންބޮޑުވެއެވެ.

“ޝަދަފު ތިކައިވެނިމަތީ ދެމިހުންނަން ބޭނުންވަންޏާ މިގޭ ހަތަރުފާރުގެތެރޭގައި ހުރެގެން ނުވާނެ” ތަރަފް ހަރުއަޑުން ބުނެލިއެވެ. އަދި އަސްމަހާނުގެ ގައިގާ ހިފަހައްޓާލަމުން ގެނެސް މޭގައި ޖައްސާލިއެވެ.

“ބައްޕާ، ޕްލީޒް…” ޝަދަފު އެއްވެސް އެއްޗެއް ބުނާކަށް ތަރަފް ފުރުޞަތެއް ނުދިނެވެ.

“ބުނިއެއްޗެއް ސާފުނުވަނީތަ” ތަރަފުގެ އަޑުގައި ހުރި ހަރުކަށިކަން ޝަދަފު ދެވަނަ އެއްޗެއް ބުނަން ޖެހިލުންކުރުވިއެވެ. އޭނާ އިރުކޮޅަކު ތަރަފް އަށާއި އަސްމަހާނަށް ބަލަހައްޓައިގެން ހުރެފައި ފަހަތަށް އެނބުރި ޢިޒްވާގެ ގާތަށް އައެވެ.

“އިޒޫ، މިއަދު އަހަރެންގެ ޢާއިލާގައި އަހަރެންގެ ހާލު އެނގެންބޭނުންވާ އެކަކު ވެސް ނެތް، ހިނގާދަމާ، މީ އަހަރުމެންނާ އެއްވެސް ގުޅުމެއްނެތް ބައެއް” ފެންކަޅިވެފައި ހުރިއިރުވެސް ނުރޯން މަސައްކަތްކުރަމުން ޝަދަފު ބުންޏެވެ. ޢިޒްވާއަށް ޝަދަފުގެ އަތުގައި ބާރަށް ހިފާލެވުނެވެ. އެއާއިއެކު ދެމަފިރން އެކުގައި އަބަދުގެ އަބަދަށް އެގެއިން ނުކުންނަން ހިނގައިގަތެވެ.

“އަހަންނާ އަހަރެންގެ ދަރިފުޅު ވަކިކުރުމަށްފަހު ކަލެއަށް ދުވަހަކު ވެސް އުފަލެއް ނުލިބޭނެ” ޝަދަފު ނުކުމެގެން ދާން ފެށުމުން އަސްމަހާނަށް ކެތެއްނުވިއެވެ. އޭނާގެ ވަށާލެވިފައިވާ ތަރަފްގެ އަތްފޮޅުވާލުމާއިއެކު ކުރިއަށް ނުކުމެ ޢިޒްވާއާ ދިމާލަށް ހަޅޭލަވަފައިގަތެވެ. އެއާއިއެކު ކުއްލިއަކަށް ހުއްޓުން އެރި ޢިޒްވާ ފަސްއެނބުރި އަސްމަހާނަށް ބަލާލިއެވެ. ޝަދަފު އެއަޑުއެހުމެއްނެތި ޢިޒްވާގެ ކޮނޑުގައި ހިފާ ގާތްކޮށްލުމާއިއެކު އެނގެއިން ނުކުތެވެ. އެހިނދު އެތަނުގައި ތިބި ޒައުލް އާއި ނަވާލު ވެސް އެމީހުންގެ ފަހަތުން ނުކުތެވެ.

“އައިއެމް ސޮރީ…” ގެއިން ނުކުތުމާއެކު ޝަދަފު، ޢިޒްވާއަށް ބުންޏެވެ.

ދެމަފިރިން އެކުގައި އައިސް ވަނީ ޢިޒްވާގެ އެޕާޓްމެންޓަށެވެ. އެމީހުންނާއެކު ޒައުލް އާއި ނަވާލު ވެސް އައެވެ. ދެމަފިރިންގެ މޫނުމަތިން އުފާވެރިކަމަށްވުރެ ފެންނަ މާޔޫސްކަން އިތުރުވެފައި ވެއެވެ. އެކަން ފާހަގަކުރެވިގެން ޒައުލް ވާހަކަދައްކަން ފެށިއެވެ.

“އަހަންނަށް ފެންނަނީ ހުރިހާ ކަމަކާ ހަނދާންނައްތާލާފައި އަލުން އާފެށުމަކުން ފަށަން، ޑިފީ ހާސްވާނެކަމެއްނެތް، ހަނީމޫނުގައި ގޮސްފައި އަންނައިރު ހުރިހާކަމެއް ހަމަޖެހިދާނެ” ޒައުލް ބުންޏެވެ.

“އަހަރެން ބޭނުމެއްނޫން އެނގެއަށް އަލުން އެނބުރިދާކަށް، ޒައުލް، މިހާރު ވެސް އަހަންނަށް ވަރަށް ގިނަ ކަންތައްތައް ކޮށްދީފީމު، އަހަރެންގެ ސަބަބުން ޒައުލް އާއި ބައްޕަމެންނާ އޮންނަ ގުޅުން ހީނަރުވާކަށް އަހަރެން ނޭދެން، އަހަންނަށް ރަނގަޅީ ޒައުލް އަހަންނަށް އެއްބާރުލުން ދޭކަން އެމީހުންނަށް ނޭނގުނިއްޔާ، އަދި އެނގިދާނޭފަދަ އެއްވެސް ކަމެއް ނުކުރުން، މިވަގުތު މިއެޕާޓްމެންޓް އަހަރުމެން ދެމީހުންނަށް ފުދޭ” ޝަދަފު ވަރަށް ވިސްނަމުން ވާހަކަދެއްކިއެވެ.

“އެކަމަކު…” ޒައުލް ވަގުތުން ދެކޮޅު ހަދަން އުޅުނެވެ.

“ޒައުލް، ޕްލީޒް، އިނަފް” ޝަދަފު މިހެންބުނުމުން އިތުރަށް ޒައުލް އެއްޗެއް ނުބުންޏެވެ. ނަވާލާއި ދެމީހުން އެތަނުން ނުކުންނަން ހިނގައިގަނެފައި ކުއްލިއަކަށް ހުއްޓުނެވެ.

“ޝަދަފު، މިރޭ ތިދެމަފިރިންނަށް ޚާއްޞަކޮށް އަހަރެންގެ ގާޑަންވިއުގެ އެންމެމަތީ ކޮޓަރިތަކުން ކޮޓަރިއެއް ތައްޔާރުކުރެވިފައި ހުންނާނެ، އެއީ ޔޫހާ، ޢިޒްވާއަށް ދޭންބޭނުންވި ހަދިޔާއެއް، އަހަރެންގެ ފަރާތުން އެއްވެސް ކަމެއް ބޭނުންނުވިނަމަވެސް ޔޫހާގެ އެހަދިޔާ ޤަބޫލުކުރޭ” ޒައުލް ދެރަވެފައި ހުރެ ބުނެލިއެވެ. އެއާއިއެކު ޝަދަފު މަޑުމަޑުން ބޯޖަހާލިއެވެ.

“ތެންކިއު، އަހަރެންގެ ކާރު އަށެއްޖަހާއިރު ފޮނުވާނަން، ކޮޓަރީގައި ހުންނާނެ މިރެއަށް ތިދެމަފިރިންނަށް ބޭނުންވާނެ ހުރިހާ އެއްޗެއް” ޒައުލް ލުއި ހިނިތުންވުމެއް ދެމުން ބުންޏެވެ. ދެއެކުވެރިން އެޕާޓްމެންޓުން ނުކުތުމާއެކު ޝަދަފު، ޢިޒްވާއަށް ބަލާލިއެވެ.

“ޝަދަފު…” ކަންބޮޑުވެފައި ހުރި ގޮތަކަށް ޢިޒްވާއަށް ޝަދަފުގެ ނަންކިޔާލެވުނެވެ. އޭނާ އާއި ދިމާލަށް ބަލަންހުރި ޝަދަފު ލުއިހިނިތުންވުމަކާއިއެކު އަންނާށޭ ބުނާފަދަ ގޮތަކަށް އަތްދިއްކޮށްލިއެވެ. އެއަތުގައި ޢިޒްވާ އައިސް ހިފުމުން އޭނާގެ މޭގައި ޢިޒްވާ ބޮނޑިކޮށްލިއެވެ.

“އިރާދަކުރެއްވިއްޔާ ހުރިހާކަމެއް ވެސް ރަނގަޅުވާނެ، ޢިޒޫ އެއްވެސް ކަމަކާ ނުވިސްނައްޗޭ، އަހަރެން ހުރިހާކަމެއް އޯކޭ ކުރާނަން، ބައްޕަ އަހަންނަށް އެހީތެރިނުވިޔަސް އަހަރުމެންނަށް ދެރަގޮތެއްނުވާނެ، އަހަންނާއިއެކު އިޒޫ ހުރިއްޔާ އަހަންނަށް ނުވާނެކަމެއް ނޯންނާނެ” ޝަދަފު އަމިއްލަ ނަފުސަށް ޔަޤީންކަން ހޯދަމުގެ އިތުރުން ޢިޒްވާގެ ހިތްހަމަޖައްސައިދެވޭތޯ އުޅުނެވެ.

“އަހަރެން ވަރަށް ދެރަވި ޝަދަފުގެ މަންމަ ބުނި އެއްޗަކުން” ޢިޒްވާއާ ދިމާލަށް އަސްމަހާނު ބުނި އެންމެ ފަހު ޖުމްލައިގައިވާ ރުޅިވެރިކަން ޢިޒްވާގެ ސިކުނޑިއަށް އުނދަގޫކުރިއެވެ.

“އެހެންބުނާ އެއްޗިއްސާމެދު މާބޮޑަށް ވިސްނާނެކަމެއްނެތް، މަންމަ ވެސް ރުޅިއައިސްފައި ހުރިވަރުން އެހެން ބުނެވުނީ، އަދި މަންމަމެނަށް ވިސްނޭނެ ދުވަހެއް އަންނާނެ، މަންމަމެން އަހަރެން ގާތު އިޒޫ ގޮވައިގެން އެނބުރި ގެއަށް އަންނާށޭ ބުނިއްޔާ ނޫނީ ދެން އެގެއަކަށް އަހަންނެއް ނުވަންނާނަން، އިޒޫ ވެސް އެގޭ މީހުންނާމެދު ވިސްނައިގެން ނުވާނެ” ޝަދަފު، ޢިޒްވާގެ ކޮނޑާދިމާލުން ވަށާލެވިފައި އޮތް ދެއަތް ބާރުކޮށްލިއެވެ.

“އަހަރެން މިދަނީ އެއްޗެހި ބަދަލުކޮށްލަން، ބަލާބަލަ މިއޮތް ސިޓިން ރޫމެއް، ސޯފާމަތީގައި ހުރި ހުރިހާ ކޮތަޅެއް ވެސް ނަގަންވާނެ އެންނު” ޢިޒްވާ ބޭނުންވީ ދެކެވެމުންދިޔަ ވާހަކަ ބަދަލުކޮށްލާ ދެމީހުންގެ މޫޑު ރަނގަޅުކޮށްލާށެވެ. ޝަދަފު ހިނިތުންވެލާފައި ޢިޒްވާގެ ގައިން ދޫކޮށްލިއެވެ. އަދި ބަލަން ހުރެފައި ޢިޒްވާގެ ފަހަތުން ކޮޓަރިއާ ދިމާލަށް ހިނގައިގަތެވެ.

“ޝަދަފު ވެސް އަންނަނީތަ؟” ކުއްލިއަކަށް ހުއްޓިފައި ޢިޒްވާއަށް އަހާލެވުނެވެ.

“ހޫމް! މައްސަލައެއްނޫނެންނު، އިޒޫ ހެދުން ބަދަލުކޮށްލަންދެން އަހަރެން ކޮޓަރީގައި ޖައްސާލައިގެން އޮވެދާނަން” ޝަދަފު ވަރަށް ހަމަޖެހިފައި ހުރިގޮތް ދައްކާލަމުން މިހެން ބުނެލިއެވެ. އޭނާއަށް އެގޮތް ޢިޒްވާއަށް ކަމުނުދާނެކަން އެނގޭއިރު ވެސް ބޭނުންވީ ޢިޒްވާ ލަދުގަންނަވަރު ބަލާލާށެވެ. ނަމަވެސް ޢިޒްވާ އިރުކޮޅަކު މަޑުކޮށްލާފައި އިތުރަށް އެއްޗެކޭ ނުބުނެ ކޮޓަރިއަށް ވަނުމަށް ހިނގައިގަތެވެ.

ޝަދަފު އައިސް އެނދުމަތީ ހުރި ސާމާނުތައް އެއްފަރާތްކޮށްލާފައި އިށީނދެ ޢިޒްވާގެ ހަރަކާތްތަކަށް ބަލަންފެށިއެވެ. ރީތިގޮތަކަށް މައްޗަށްނަގާ ހަރުކޮށްލާފައި އޮތް އިސްތަށިގަނޑު ނިއުޅާލުމާއިއެކު ކަންފަތުގައި ލާފައި ހުރި އެއްޗިއްސާއި ކަރުގައި އަޅާފައި އޮތް ފަށްނަގާ ރީތިވާ މޭޒުމަތީ އޮތް މަހުމާ ފޮށީގެތެރެއަށް ލިއެވެ. އަދި ލޯގަނޑުން ޢިޒްވާ އޭނާގެ ސޫރައަށް ބަލާލާފައި ލޮލުގެ އެއްފަރާތުން އެނދުމަތީ އިން ޝަދަފަށް ބަލާލިއެވެ. އޭނާ ލަދުން އުޅޭކަން ޝަދަފަށް އެނގޭކަށް ޢިޒްވާ ބޭނުމެއްނޫނެވެ. އެހެންވެ ވަރަށް ހިތްވަރުކޮށްފައި ގޭގައި ލާން ގެންގުޅުނު ހެދުން ނަގައިގެން ފާޚާނާ އާއި ދިމާލަށް ދިޔައެވެ. ޢިޒްވާ ފާޚާނާއަށް ވަނުމުން ޝަދަފު އަޑުވީއްލާ ހީނލިއެވެ. އިތުރަށް އޭނާއަށް ކެތެއްނުވިއެވެ. ޢިޒްވާ ފެންނަ ހިސާބުގައި މަޑުމަޑުން ހިމޭނުން ހުރުމަކީ އޭނާއަށް ވާނޭ ކަމެއް ނޫނެވެ. މީގެ ކުރިން އޭނާ ވީހާ ވެސް ދުރުން އުޅެނީ އެއީ ޢިޒްވާ ބޭނުންވާގޮތްވީމައެވެ. އެހެންނަމަވެސް މިހާރު ޢިޒްވާއަކީ ހަމައެކަނި އޭނާގެ ހައްޤެކެވެ. ވީއިރު މިހާރު އޭނާ ދުރުދުރުން އުޅެންވީ އެއްވެސް ސަބަބެއްނެތެވެ. ތެދުވެގެން އައިސް ފާޚާނާގެ ދޮރުގައި ޓަކިޖަހާލުމާއިއެކު ޝަދަފު މަޑުކޮށްލިއެވެ.

“ކިހިނެއްވީ؟” ހެދުން ބަދަލުކުރަން އުޅުނު ޢިޒްވާ އަހާލިއެވެ. ހަޤީޤަތުގައި އޭނާ ވެސް ހުރީ ވަރަށް ހިތްއަވަސްވެފައެވެ. ޝަދަފަކީ މަޑުމަޑުން ހުންނަކަހަލަ މީހެއް ނޫންވީމައެވެ. ޝަދަފު އަނގައިން ނުބުނެ ހުންނަން ފެށުމުން ޢިޒްވާ އަވަސްކޮށްލައިގެން ދޮރުހުޅުވިއެވެ. އޭރު ދޮރުމަތީ ހުއްޓިލައިގެން ޝަދަފު ހުއްޓެވެ.

“އިޒޫ އަދިވެސް ހީވަނީ އަހަންނާ ވަރަށް ދުރުން އުޅޭހެން” ޝަދަފު ފާޚާނާގެ ދޮރުކަނީގައި އަތްހުރަސްކޮށްލައިގެން ހުރެ ބުންޏެވެ.

“ޝަދަފު، ބަލާބަލަ ތިއޮތް އެނދެއް، ގޭތެރެ ހަމައަކަށް އަޅުވަން ބޭނުން މިރޭ ދިއުމުގެ ކުރިން، އޭރުން ގެއަށް އަންނައިރު ހިތްހަމަޖެހޭނީ” ޢިޒްވާ ބަހަނާއެއް ދައްކާލިއެވެ.

“މިހާރު ތިހެން އުޅުނަސް މިރޭ އަހަރެންގެ އަތުގެތެރޭން އިޒޫއަކަށް ނުފިލޭނެ އިނގޭ” ޝަދަފު މަސްތުވެފައި ހުރި މީހަކުފަދައިން ޢިޒްވާގެ މޫނަށް އޭނާގެ ނޭވާ އިޙުސާސްވާހާ ގާތުގައި ހުރެ ބުންޏެވެ. އަދި މަޑުމަޑުން ދުރަށްޖެހިލާފައި ޢިޒްވާ ނުކުންނަން ތަންދެއްކިއެވެ.

ރަޙުމަތްތެރިން ދީފައި ހުރީ އަގުބޮޑެތި ހަދިޔާތަކެވެ. އޭގެ އިތުރުން ޢިޒްވާ އާއި ޝަދަފަށް ބޭނުންވާނޭ ފަދަ ސާމާނުތަކެވެ. ޢިޒްވާ އޭނާގެ ކޮޓަރީގައި ހުރި އަލަމާރިއަށް އެއްޗެހިތައް އަޅާ މުޅި ގޭތެރެ ސާފުކޮށްލިއެވެ. އޭނާއަށް އެހީވުމުގައި ޝަދަފު ވެސް އުޅެއެވެ. ޝަދަފު އޭނާގެ ގެއިން އެއްވެސް އެއްޗެއް ނުގެނެއެވެ. އެންމެ ކުޑަމިނުން ލާނެ އަންނައުނެއްހާ ހިސާބުވެސް ނުގެނައެވެ. ނަސީބަކުން ނަވާލު ހުރީ ޝަދަފު މިރޭގެ ކެއުމުގައި ޢިޒްވާ އާއިއެކު ބައިވެރިވުމަށް އޭނާއަށް ޚާއްޞަ ހެދުމެއް ތައްޔާރުކޮށްދީފައެވެ. ހަމައެގޮތަށް ނަވާލުގެ އަންހެނުންގެ ފަރާތުންނާ ޔޫހާގެ ފަރާތުން ޢިޒްވާއަށް މީގެކުރިން ދުވަހަކު ވެސް ބޭނުންކުރާ ފަދަ އަގުބޮޑެތި ހެދުމާ ފައިވާ ލިބިފައި ހުއްޓެވެ. ހުރިހާ ކަމެއްކޮށް ނިންމާލާފައި ގަޑި ބަލާލިއިރު ގާޑަންވިއުއަށް ދާން ހަމަޖެހިފައި އޮތް ގަޑި ކައިރިވަނީއެވެ. ޢިޒްވާ ކުރީބައިގައި ފާޚާނާއަށް ވަދެ ފެންވަރާލައިގެން ނުކުތެވެ. އަދި ޝަދަފު ފާޚާނާއަށް ވަދެފައި ނުކުންނަން ވާއިރަށް އޭނާ ތައްޔާރުވެލިއެވެ. ދުވަހަކު ވެސް ކުރުހެދުމެއް ނުލާ ޢިޒްވާ ފުރަތަމަ ފަހަރަށް ކަކުލާ ހަމައަށް ފިއްތާފައި ހުރި ކުރު ހެދުންކޮޅެއް ލިއެވެ. އެއީ އޭނާއަށް ޔޫހާ ދިން ހެދުމެކެވެ. މިރޭގެ ހަދިޔާއަކީ ޔޫހާގެ ފަރާތުން ލިބޭ ހަދިޔާއަކަށް ވާތީ ޢިޒްވާ ބޭނުންވީ ޔޫހާ އޭނާއަށް ދިން ހެދުންތަކުގެތެރެއިން ހެދުމެއް ލާށެވެ. ނަމަވެސް ކަންބޮޑުވީ އަރަންހުރި ފައިވާންތައް ފެނިފައެވެ. ފައިވާނުގެ ކަށީގެ ސަބަބުންނެވެ. ތިރިފައިވާނާ ބޫޓުގައި އުޅެން އާދެވެފައި ހުރި ޢިޒްވާއަށް އެކަން ބޮޑުކަމަކަށް ވިޔަސް އޭނާ މިރޭ ޝަދަފަށްޓަކައި ނިކަން ނަލަހެދިލަން ބޭނުންވިއެވެ. މޭކަޕުކުރާނޭގޮތުގެ މަޢުލޫމާތު ނަވާލުގެ އަންހެނުންގެ ފަރާތުން ޢިޒްވާއަށް ލިބުނެވެ. އަދި ރީތިވާ މޭޒުމަތީ އޭނާ ބޭނުންވާ ހުރިހާ ސާމާނެއް ހުއްޓެވެ.

ޝަދަފު ފާޚާނާއިން ނުކުންއިރު ޢިޒްވާ ފެންނާކަށްނެތެވެ. އެހެންނަމަވެސް ބެލްކަންޏަށް ނުކުމެވެން ހުރި ދޮރު ހުރީ ކުޑަކޮށް ހުޅުވާލާށެވެ. ކޮޓަރިތެރެއަށް ވަންނަމުންދިޔަ މަޑުވައިރޯޅިތަކުގައި ލުއިލުއި މީރު ވަހެއް ހަރުލާފައި ހުރިކަން ޝަދަފަށް ފާހަގަކުރެވުނެވެ. ބޯއަރިކޮށްލާފައި ބެލްކަންޏާ ދިމާލަށް ބަލާލާފައި ވެސް އުނުގައި ތުވާލި އޮތުމުން ބޭރަށް ނުކުންނަ ޚިޔާލެއް ޝަދަފު ނުކުރިއެވެ. ރީތިވެ ނިމުމުން އޭނާ ކޮޓަރީގައި ހުރި ހަރުގަނޑުގައި ތުވާލި އަޅުވާލާފައި ބެލްކަންޏަށް ނުކުތެވެ. އެހިނދު ކޮޓަރީގައި އެނބުރެމުންދިޔަ ވައިރޯޅިތައް އޭނާގެ ނޭފަތުގައި ބީއްސަމުންދިޔައީ ޢިޒްވާ ޖަހާފައި ހުރި ސެންޓުގެ ވަސްކަން ޔަޤީންކުރެވުނެވެ. ބަނޑިބަނޑިއަށް އޮޅިފައި އޮތް ފަށުވިކޮޅެއް ފަދައިން ޢިޒްވާގެ އިސްތަށިގަނޑު ފެނުނު އިރު އޭނާގެ ހަށިގަނޑުގެ ބައްޓަން ފެނި ޝަދަފުގެ ހިތްއަވަސްވިއެވެ. މީގެ ކުރިން ޢިޒްވާގެ ހަށިގަނޑުގެ ބައްޓަން އެހާ ބޮޑަށް ފާޅުވާފަދަ ހެދުމެއް ލާފައި ހުއްޓާ ޝަދަފު ނުދެކެއެވެ. ވަގުތުން އައިސް ޢިޒްވާގެ ފުރަގަހުން އޭނާގެ އުނަގަނޑުގައި ހިފާ ގާތްވެލެވުނެވެ.

“އައި ލަވް ޔޫ، އެންޑް ޔޫ ލުކް އެމޭޒިންގް، ބޭނުންވަނީ އުރާލައިގެން ކޮޓަރިއަށް ވައްދަން، މިރޭ ހަތަރުދަމު އެނދުގައި ވަގުތުތައް ހޭދަކޮށްލަން” ޝަދަފު މަޑުމަޑުން ޢިޒްވާގެ ކަންފަތްދޮށުގައި ބުނެލިއެވެ. ލަދުން އިސްޖަހާލި ޢިޒްވާ ލުއިގޮތަކަށް ހީނލިއެވެ. އަދި ޝަދަފުގެ އަތްދުރުކޮށްލަމުން އޭނާއާ ދިމާލަށް އެނބުރިލިއެވެ.

“އޭރުން ޒައުލް ކިހާ ދެރަވާނެ، މިހާވަރަށް ތައްޔާރުމިވީ ޑިނާއަށް ދާކަށްނޫންތަ” ޢިޒްވާ ހިނިތުންވެލައިގެން ހުރެ ބުންޏެވެ.

“އިޒޫ ފެނުނީމަ މިވާގޮތެއް، މިރޭ އަދި ވަކިން ރީތިހެން ހީވޭ، ވަރަށް ތަފާތު، އަސްލު ތެދަށް ބުނަންޏާ… މިރޭ… މިރޭ އިޒޫ ވަރަށް ސެކްސީ” ޝަދަފު ހުވަފެނީގޮތަކަށް ޢިޒްވާ އާއި ބޮޑަށް މަސްހުނިވެލަމުން ބުންޏެވެ. ޢިޒްވާ ލުއިގޮތަކަށް ހީނލާފައި ޝަދަފުގެ މޭގައި އަތްއަޅާ ދުރަށް ކޮށްޕާލިއެވެ. އަދި އަންހެންވަންތަ ގޮތަކަށް ހިނގާލާފައި ކޮޓަރިއަށް ވަނެވެ. މޭގައި އަތްހާކާލާފައި ޝަދަފު ވެސް ވަނީ ކޮޓަރި ތެރެއަށެވެ.

“އިޒޫ…” ޝަދަފު، ޢިޒްވާއަށް ގޮވާލިތަނާހެން ޒައުލްގެ ކާރުގެ ޑްރައިވަރު އޭނާއަށް ގުޅައިފިއެވެ. މޫނަށް ވައްތަރެއްޖައްސާލުމާއިއެކު ފޯނަށް ޖަވާބުދިނެވެ.

ގާޑަންވިއުގެ ބޮޑު ރެސްޓޯރެންޓަށް ޝަދަފު ވަނުމާއިއެކު އޭނާގެ އިސްތިޤުބާލުގައި މެހެމާންދާރީ އަދާކުރުމަށް ވަކިން ޚާއްޞަ ވެއިޓަރެއްހުއްޓެވެ. އެމީހުންގެ ކެއުމުގެ ހުރިހާ ކަމެއް ނިމުމާއިއެކު އެތަނަށް ދެން އައީ ހޮޓެލްގެ ސުޕަރވައިޒަރެކެވެ. އޭނާ އަލަތު ދެމަފިރިންނަށް ތައްޔާރުކުރެވިފައިވާ ކޮޓަރިއަށް ޝަދަފާއި ޢިޒްވާ ގެންދިޔައެވެ. އަދި އެއްވެސް ކަމަކަށް ބޭނުންވެއްޖެނަމަ ގުޅާނެ ނަންބަރު ބުނެދީފައި އެނބުރި ދިޔައީ ކޮޓަރީގެ ދޮރު ލައްޕާލަ ދީފައެވެ. ޢިޒްވާއަށް ހީވީ ކުއްލިއަކަށް މުޅިން އެހެން ދުނިޔެއަކަށް ވަދެވުނުހެންނެވެ. ތަނުގެ ރީތިކަމާއި ތަނަވަސްކަމުގެ އިތުރުން ފެންނަމުންދިޔައީ އަގުބޮޑެތި ފަރުނީޗަރު ތަކެވެ. ކުއްލިއަކަށް ޝަދަފުގެ ތަބީޢަތަށް ވެސް ބަދަލުތަކެއް އައިހެން ހީވިއެވެ. އޭނާ ޢިޒްވާގެ އަތުގައި ހިފާ ދަމައިގަތުމާއިއެކު ޢިޒްވާ އައިސް ތަތްވީ އޭނާގެ މޭގައެވެ. އެއާއިއެކު ޢިޒްވާއަށް ފެނިގެންދިޔައީ މީގެ ކުރިން އޭނާއަށް އަދި ފެނިފައިނުވާ ޝަދަފެކެވެ. އެބާރުގަދަ އަތުގެތެރޭގައި ޢިޒްވާ އުފުލާލައިގެން ގެނެސް އެނދުމައްޗަށް ވައްޓާލުމާއިއެކު ހީވީ ދޫނިފަތުގެ ތަންމައްޗަކަށް ވެއްޓެވުނުހެންނެވެ. ޢިޒްވާގެ ހަށިގަނޑު އަޑިއަށްވަދެގެން ދިޔަކަން އިޙުސާސްކުރެވުނެވެ. ކޮޓަރީގެ ފިނިކަމުގެތެރޭގައި ޝަދަފުގެ ހަރަކާތްތަކުން ޢިޒްވާގެ ހިތުގެ ހިނގުން އަވަސްވެ ނޭވާކުރުވާގޮތްވިއެވެ. ޝަދަފުގެ ކޮންމެ ހަރަކާތަކުން ވެސް އޭނާގެ ކެތްތެރިކަން ކުޑަވަމުންދާ މިންވަރު ޢިޒްވާއަށް ދެނެގަނެވުނެވެ. ދެޖިސްމު އެއްވެގެން ދިޔައީ ކުޑަހިނދުކޮޅެއްގެ ތެރޭގައެވެ. ހަށިގަނޑުގެ ވިންދު އަވަސްކުރުވާފައެވެ. އެކަކު އަނެކަކަށް ބޭނުންވާ މިންވަރު އިތުރުކުރަމުންނެވެ. ޝަދަފުގެ ފުންވެފައިވާ ނޭވާއާއެކު އޭނާގެ އަތުގެތޭރޭ މޫނު ފޮރުވާލައިގެން އޮތް ޢިޒްވާއަށް ބަލާލިއެވެ.

“މިރޭ އަހަންނަކީ ދުނިޔޭގައި ހުރި އެންމެ އުފާވެރި އިންސާނާކަން ޔަޤީން، އިޒޫ… އިޒޫ އަހަނަންށް ތިދިނީ އަންހެންކުއްޖަކަށް އޭނާގެ ފިރިމީހާއަށް ދެވޭނެ އެންމެ ފުރިހަމަ އުފާވެރިކަން، މިރޭ އަހަންނަށް އެނގިއްޖެ، އިޒޫގެ ހަޔާތައް އަހަރެން މިހިރަ މަޤާމަށް މިވީހާތަނަށް އެއްވެސް ފިރިހެނަކަށް އާދެވިފައި ނެތްކަން، ތެންކިއު ސޯ މަޗް، އައި ލަވް ޔޫ މައި ވައިފް” ހިނިއައިސްފައި އޮތް ޝަދަފު، ޢިޒްވާ ބޮޑަށް ގާތްކޮށްލުމާއިއެކު ރަތްވެފައި އޮތް ކޯތާފަތުގައި ބޮސްދިނެވެ. އެއާއިއެކު ޢިޒްވާ ލޯބިން ފުރިގެންވި ނަޒަރަކުން ޝަދަފަށް ބަލާލިއެވެ.

މުޅި ރޭ ހޭދަވެގެން ދިޔައިރު އަލަތު ދެމަފިރިންގެ ލޮލުގައި ނިދީގެ އެއްވެސް އަސަރެއް ނެތެވެ. އެހެންނަމަވެސް އަރަމުން އައި އިރާއިއެކު ކުޑަކުޑަ ވަށްބެލްކަނީގެ ދޮރުފޮތިތަކުން ފުރޭނިގެން ކޮޓަރިތެރެއަށް އެޅެމުން ދިޔަ ރަންއަލީގައި ޝަދަފުގެ މޫނުމަތިންނާއި އޭނާގެ މޭގައި ބޯއަޅާލައިގެން އޮތް ޢިޒްވާގެ މޫނުމަތިން ފެންނަމުންދިޔައީ ވަރުބަލިކަމުގެ އަސަރެވެ. ދެމީހުންގެ ތުންފަތަށް ވެރިވެފައިވަނީ ފަނޑުވުމެއްނުވާ ހިނިތުންވުމެކެވެ. ޝަދަފު އެއްފަރާތައް ސޮހިގެން ގޮސްފައި އޮތް ރަޖާނަގާ ދެމީހުންގެ ގައިގާ އަޅާލަމުން ދެލޯ މަރާލިއެވެ. އޭރު އޭނާގެ މޭގައި ބޯއަޅާލައިގެން އޮތް ޢިޒްވާ ވެސް ވަރުބަލިކަމުގެ ތެރެއިން ނިދީގެ ކަނޑަކަށް ގެނބެމުންދިޔައެވެ. ދުނިޔޭގެ އެއްވެސް ކަމަކަށް ޚިޔާލެއް ފިކުރެއްނެތް ފަދަ ގޮތަކަށެވެ. ލޯބިން ދެހިތްފުރިފައި ތިބި ހާލުގައެވެ.

މެންދުރުވީ ފަހުން ޝަދަފަށް ހޭލެވުނު އިރު އޭނާގެ ފޯނަށް ނަވާލާއި ޒައުލް ގުޅާފައި ހުއްޓެވެ. އޭރު ވެސް އަރާމުކޮށް ނިދާލާފައި ޢިޒްވާ އޮތެވެ. ޝަދަފު މަޑުމަޑުން ޢިޒްވާގެ ކަނދުރާދަށުން އަތްދަމާލާފައި ފޯނު ހިފައިގެން އެއްފަރާތަކަށް ޖެހިލިއެވެ. އޭނާ ފުރަތަމަ ގުޅީ ޒައުލްއަށެވެ. ހޮޓެލްގައި ރޭ ހޭދަކުރުމަށް ދިން ފުރުޞަތައް ޝުކުރުއަދާކުރިއެވެ. އެއަށްފަހު ގުޅީ ކޮންކަމަކުތޯ ސުވާލުކުރިއެވެ.

“ކާރުގެ ކަންތައް ނަވާ ނިންމާލައިފި، އަހަރުމެން ދެމީހުން މިއައީ އެކަންކޮށް ނިންމާލާފައި، މިރޭ އެމީހާ ފުރަންއުޅޭނެ، ޑިފީއަށް އަންގާލީ، އެނގޭ މިދުވަސްކޮޅު މާގިނައިން ގުޅާކަށް ނުވާނެކަން ވެސް” ޒައުލް ގުޅި ބޭނުން ބުނުމަށްފަހު ސަމާސާކޮށްލިއެވެ.

“ތޭންކްސް ޒައުލް، އަދި ނަވާއަށް ނުގުޅާ މިއުޅެނީ، ބަލަ ޒައުލްއަށް ވެސް މިދުވަސްކޮޅު އައެންނު، އޭރު ދެރައީ އަހަންނަށް މާލޭގައި ނުހުރެވުނުކަން، އެހެންނޫންނަމަ އެންނު ދިމާކުރާނީ” ޝަދަފު ދެރަނުވާން ބުނެލިއެވެ.

“ހޫން! ދެން އެންމެ ރަނގަޅޭ، ދެން ކޮންއިރަކުންތަ އަހަރުމެންނަށް ފެންނަވަރުވާނީ، ނޫނީ ދެން ގުޅާވެސް ނުލާނަން ދޯ” ޒައުލް ހުރީ އެކުވެރިޔާ އާއި ބައްދަލުކޮށްލާ ހިތުންނެވެ.

“މިރޭ ދޯ، އެޕާޓްމެންޓަށް އާދޭ، އިރުކޮޅަކުން އަހަރުމެން އެޕާޓްމެންޓަށް ދާނަން” ޝަދަފު ބުންޏެވެ.

“ޑިފީ ބޭނުމިއްޔާ ތިތަނުގައި މަޑުކުރިޔަސް އަހަންނަށް އޯކޭ، އަހަރެން ނޫނީ އެއްޗެއް ބުނާނެ މީހަކު ނުހުންނާނެ” ޒައުލް ބުންޏެވެ.

“ނޫނޭ، އެގޮތް ރަނގަޅެއް ނުވާނެ، މީހަކާ އިނދެވުނީމަ ނިމުނީއެއްނޫނެންނު، އަހަންނަށް އަހަރެންގެ ޒިންމާތައް ވަރަށް ރަނގަޅަށް އެނގޭ، ލައިފް ހަމައަކަށް އަޅުވަން އެބަޖެހޭ، ސޯ އައި ނީޑް ޓު ޕްލޭން އެވްރިތިންގް” ޝަދަފު ބުންޏެވެ. ޒައުލް އެއްގޮތަކަށް ވެސް ޝަދަފު ބޭނުންނުވާކަމެއް ކުރުވާކަށް ނޫޅެއެވެ.

“އޯކޭ، ޑިފީ އެއްވެސް ކަމެއް ބޭނުންވިޔަސް އަހަރެން ގާތު ނުބުނެ ނުހުންނައްޗޭ، ދެން މިރޭ ދިމާވާނެއެންނު، ދާނަން ނުވައެއް ޖަހާކަން ހާއިރު” ޒައުލް މިހެން ބުނެ ފޯނުކޯލު ކުރުކޮށްލިއެވެ.

ދެފަމަފިރިންނަށް ގާޑަންވިއުއިން އެނބުރި އެޕާޓްމެންޓަށް އާދެވުނު އިރު ތިނެއްޖަހަނީއެވެ. ރެސްޓޯރެންޓުން ކައިގެން ތިބީމަ ދެމީހުން ވެސް ތިބީ ވަރަށް ފުރިފައެވެ. އެހެންވެ ސޯފާގައި އިށީނދެލައިގެން ތިބީ ދިރިއުޅުން ކުރިއަށް ރޭވުމުގެ މަޝްވަރާގައެވެ. ޝަދަފަށް ފެންނަ ކޮންމެ ގޮތަކަށް ކަންތައް ކުރިޔަށް ޢިޒްވާއަށް އެންމެ ރަނގަޅެވެ. އެއީ ޝަދަފަކީ ހަރުދަނާ ޒުވާނެއްކަން ޢިޒްވާއަށް އެނގޭތީއެވެ. އެމީހުންގެ އެމަޝްވަރާގައި ބައިވެރިވުމަށް ނަވާލު އައިސް އިނެވެ.

“ނަވާ، އަހަންނަށް ވަޒީފާއެއް ދޭންވީނު، އަހަރެންގެ އަމިއްލަ ފައިމައްޗަށް ތެދުވަން ވަޒީފާއެއް ވަރަށް މުހިއްމު، އަހަންނަކީ ބުރަކޮށް މަސައްކަތަށް ކަމޭހިތައިގެން ކުރާ މީހަކަށް ވާނެކަން ޔަޤީން، ނަވާ ޑިސެޕޮއިންޓުވާކަށް ނުޖެހޭނެ، އަމިއްލަ ގެ ހުއްޓަސް މިހާރު މިހިރީ ރެފިއުޖީއަކަށް ވެފައި، ސޯ މިހެން އުޅެވޭނީ ފުދޭވަރެއްގެ އެއްޗެއް ލިބިގެން” ޝަދަފު ވިސްނަމުން ވާހަކަދެއްކިއެވެ.

“ތިކަމާ ހާސްނުވޭ، އަހަރެން އެއްވެސް އިރެއްގައި ޑިފީދެކެ ޑިސެޕޮއިންޓެއް ނުވަން، ޑިފީ އަހަންނާއިއެކު މަސައްކަތްކުރުމަކީ އަހަންނަށް ލިބޭނެ ވަރަށް ބޮޑު އުފަލެއް، އިރާދަކުރެއްވިއްޔާ މިއަދު އަހަރެން ތިކަން ހަމަޖައްސައި ދޭނަން، އަދި ބުނަން، އަހަންނަކަށް ނުފެނޭ މިއެޕާޓްމެންޓުގައި އުޅޭކަށް، އަހަރެން ހޯދަންތަ ތަނެއް، މިދުވަސްކޮޅު ފައިސާއާ މެދު ވިސްނާނެކަމެއްނެތް، އަހަރެން ހުރިހާކަމެއް ހަމަޖައްސައިދޭނަން، އެކަމަކު ބުނަން، އެއީ ފަހުން ދޭގޮތަކަށް ނޫން، ޑިފީއަށް އެޕާޓްމެންޓުގެ ކުލި ދެއްކޭވަރުވަންދެން އަހަރެން އެކަންކޮށްދޭނަން، ނޫނީ އަހަރުމެން ގެއަށް ޑިފީ ބަދަލުވާންވީނު” ނަވާލު އިނީ އެކުވެރިޔާއަށް އެހީތެރިވެދެވެން އޮތް ކޮންމެ ގޮތަކުން އެހީވާން ތައްޔާރަށެވެ.

“ތެންކިއު ނަވާ، އެކަމަކު ތިގެއަށް ދާކަށް އަހަންނަކަށް ނުފެނޭ، އެކަމަކު އެޕާޓްމެންޓެއް ހޯދަން އަހަންނަށް ފެނޭ، މިތަންކޮޅު އަސްލު ކުޑަ، ތަންކޮޅެއް ތަނަވަސް ތަނެއް ހޯދަނީ ދޯ، އަހަންނަށް ފައިސާ ދެއްކޭވަރުވީމާ އަހަރެން ބޭނުންވަނީ ތަނުގެ ކުލި އަހަރެން ދައްކަން، އަދި އަހަރެންގެ ޚަރަދުތައް އަހަރެން އަމިއްލައަށް ބަލަހައްޓަން” ޝަދަފު ބުންޏެވެ. ނަވާލު އެއްބަސްވުމުގެ ގޮތުން ހިނިތުންވެލިއެވެ.

ޢާއިލާ މީހުންގެ އެއްބާރުލުން ނެތްކަމުގައި ވިޔަސް ޝަދަފާއި ޢިޒްވާ އެމީހުންގެ ދިރުއުޅުން ކުރިއަށް ރޭވީ ވަރަށް ފުރިހަމައަށެވެ.

ފަސް އަހަރު ފަހެވެ. ބަދަލުވަމުންދިޔަ ދުވަހަސްތަކާއެކު ޝަދަފާއި ޢިޒްވާގެ ދިރިއުމަށް ބޮޑެތި ބަދަލުތަކެއް އައިއިރު ބަދަލުނުވާ ކަންތައްތަކެއް ވެސް ހުއްޓެވެ. އުފަލާ ހިތާމައަކީ ދުނިޔޭގައި އުޅޭއިރު ކޮންމެ މީހަކަށް ވެސް ކުރިމަތިކުރުވާ އިޙުސާސްތަކެކެވެ. އެކަންތައްތަކަށް ކެތްތެރިވުން ނޫންގޮތެއް މިވަގުތީ ގެދޮރުގައި އުޅޭ މީހުންނަށް ނެތެވެ.

“ޑެޑީ… ޑެޑީ…” އިރުއޮއްސުނު ފަހުން އެޕާޓްމެންޓުގެ ދޮރު ހުޅުވާލާފައި ވަދެގެން އައި ޝަދަފާ ދިމާލަށް ދުވަމުން އައި އޭނާގެ ހަތަރު އަހަރުގެ ދަރިފުޅު އައިސް ގޮވާލިއެވެ. އަދި އެއައިގޮތަށް އައިސް ޝަދަފުގެ ގައިގާ ބައްދައިގަތެވެ.

“މިރާން، ދަރިފުޅު މިރޭ ނުކިޔަވާ ރެއަކީތަ؟” ޝަދަފު އޭނާގެ ކޮނޑުގައި އޮތް ލެޕްޓޮޕް ދަބަސް ދޮރުކައިރީ ހުރި ހިމަދިގު މޭޒުމަތީ ބަހައްޓާލަމުން ފައިގައި ބައްދައިގަނެގެން ހުރި ދަރިފުޅު އުރާލިއެވެ.

“ކޮއްކޮ ކިޔަވަން އިނދެފައޭ މިއައީ، ވިންޑްޗާމްގެ އަޑު ކޮއްކޮއަށް އިވުނު، ޑެޑީ އަންނަންޏާ އެކަނި އެއަޑުއިވޭނީ” ޝަދަފުގެ ކަރުގައި އެލިގަންނަމުން ކަހަލަ ގޮތަކަށް މިރާން ވާހަކަދެއްކިއެވެ.

“އެހެންތަ؟، ޑެޑީގެ މިރާންއަކީ އިންޓެލިޖެންޓު ކުއްޖެކޭ ދޯ” ޝަދަފު އެއްއަތުން ދަރިފުޅުގެ ކޮލުގައި ހިފާ އޭނާ އާއި ނަޒަރު ސީދާކޮށްލަން މަސައްކަތްކުރިއެވެ. އަދި ދަރިފުޅު އުރާލައިގެން ހުރެ މެދުގައި ހުރި ކޮޓަރީގެ ދޮރުފަތް އެއްފަރާތަށް ކަހާލިއެވެ.

“ހާދަ ބިޒީއޭ، މިއަދު އަހަރެން ގެއަށް އައީމަ ވެސް ނުނިކުންނަންތަ ތިއިންނަނީ، އަނެއްކާ ކަމަކާ ހިތްހަމަނުޖެހިފަތަ؟” ޝަދަފު ކޮޓަރިތެރެއަށް ވަންނަމުން ބުންޏެވެ. އަދި ކައިރީގައި ދަރިފުޅު ބަހައްޓާލާފައި ފަހާފޮށި ދޮށުގައި އިން ޢިޒްވާގެ ދަތްދޮޅީގައި ހިފާ އޭނާ އާއި ދިމާލަށް އަނބުރާލަން އުޅުނެވެ.

“އިރުކޮޅަކުން މި ހެދުން ބަލާ އެބައާދޭ، މީ އިއްޔެ ނިންމަން ބުނި ހެދުމެއް، މިރާންގެ ލޮލަށް އަޅާ ބޭސް ގެނައިންތަ” ޢިޒްވާ އަވަސް އަވަހަށް ޝަދަފުގެ އަތްމޫނާ ދުރުކޮށްލަމުން ބުންޏެވެ.

“އާން! ގަނެގެން މިއައީ، މިރޭ ވެސް އަހަރެން އޮފީހަށް ދާންޖެހޭ” ނުސީދާ ގޮތަކަށް ޝަދަފު އެނާގެ އަތުގެ އިނގިލިތަކާ ކުޅެން ހުރި މިރާންއަށް ބަލާލަމުން ބުންޏެވެ.

“މިރޭ ވެސް…” ޢިޒްވާ ދެރަވެލާފައި ޝަދަފަށް ބަލާލިއެވެ.

“ވަރަށް މުހިންމު ކަމަކު، އަހަރެން އެކަންޏެއް ނޫނޭ، ނަވާ ވެސް ހުންނާނެ، ދެން އަވަހަށް ތިކަން ކޮށްލާފައި ހިނގާބަލަ އަހަންނަށް ސައިފޮދެއް ދޭން، އިޒޫ މިއަދު ހެދިކާ ހެދީމޭ ބުނީމަ މިއައީ ނަވާއާއެކު ކޮފީއަށް ނުގޮސް” ޝަދަފު ކަރުގައި އޮތް ޓައީ ދޫކޮށްލަމުން ވާހަކަދެއްކިއެވެ. ޢިޒްވާ އާނއެކޭ ބުނުމުގެ ގޮތުން ބޯޖަހާލާފައި ފެހުމާއިގެން އުޅުނެވެ. ޝަދަފު ދަރިފުޅުގެ ބޮލުގައި ކޮއްޓާލަމުން އޭނާ އާއިއެކު އައުމަށް އިޝާރާތްކޮށްލާފައި އެކޮޓަރިން ނުކުތެވެ.

ތިންކޮޓަރީގެ އެޕާޓްމެންޓުގައި ޝަދަފުގެ ކުޑަކުޑަ ޢާއިލާ އުޅެމުން އަންނައިރު އެދެމަފިރިންގެ ހިތްހަމަޖެހުން ގުޅިފައިވަނީ އެދެމީހުންނަށް ލިބިފައިވާ ހަތަރު އަހަރުގެ ފިރިހެން ދަރިފުޅު މިރާންއާއެވެ. އެހެންނަމަވެސް އެދަރިފުޅު އުފަންވެފައިވަނީ އެއްލޮލަށް ނުފެންނަ ކުއްޖެއްގެ ގޮތުގައެވެ. އެތަށް ޤައުމަކަށް ޝަދަފު އޭނާގެ ދަރިފުޅު ގޮވައިގެން ހިނގައްޖެއެވެ. ދަރިފުޅުގެ ލޮލަށް ފަރުވާއެއް ލިބޭތޯއެވެ. ނަމަވެސް ހުރިހާ ޑޮކްޓަރުން ވެސް ބުނަނީ އެއްވާހަކައެކެވެ. އެއީ އެ ދަރިފުޅު އުފަންވެފައިވަނީ އެއް ލޮލުގެ ފެނުމުގެބައި ފުރިހަމަނުވެކަމަށެވެ. އެކަން ޤަބޫލުކުރުން ފިޔަވާ އެދެމަފިރިންނަށް އިތުރަށް ކުރެވޭނޭ ކަމެއްނެތެވެ.

މިއަދު އެމީހުންނަށް އާދެވިފައި ތިބި ހިސާބަށް އާދެވުމުގައި އެންމެ ބޮޑު އެހީތެރިކަމެއް ލިބުނީ ނަވާލުގެ ފަރާތުންނެވެ. އެ ދެމީހުންގެ ޢާއިލާއަކީ އެމީހުންނަށް ނެތް ބައެވެ. އެއަށްވުރެ ރަޙުމަތްތެރިންގެ ހެޔޮކަން ވެސް މާބޮޑެވެ. އެކަމާ ޝަކުވާކުރުމެއްނެތި ޝަދަފު އަދިވެސް ކެތްތެރިކަމާއެކު އިންތިޒާރު ކުރަމުން ދަނީ އޭނާގެ ޢާއިލާއަށް އެނބުރި އައުމުގެ ދަޢުވަތު މައިންބަފައިންގެ ފަރާތުން ލިބޭނޭ ދުވަހަކަށެވެ. ދެމަފިރިންގެ މެދުގައި ޢާއިލާގެ ވާހަކަތައް ނުދެކެވުނު ނަމަވެސް ދެމީހުން ވެސް ޢާއިލާއަކާއިއެކު އުޅެން ބޭނުންވެއެވެ. ވޭތުވެގެން ދިޔަ ފަސްއަހަރު ތެރޭގައި ދެމީހުންގެ ޢާއިލާއިން ކުރެ އެއްވެސް ފަރާތުން އެމީހުންގެ ހާލު ބަލާލާފައެއް ނުވެއެވެ. ދަރިއަކު ލިބުނުކަމުގެ އުފާވެރި ޚަބަރު ޝަދަފު އޭނާގެ މައިންބަފައިންނަށް ދިނީ ފޯނުންނެވެ. އެހެންނަމަވެސް ޢާއިލާގެ އެއްވެސް މެންބަރަކު އެކުއްޖާ ދެކިލާކަށް ނާދައެވެ. އެހެންނޭ ކިޔާފައި ޝަދަފު އޭނާގެ ދަރިފުޅަށް ޢާއިލާއެއް އޮތްކަން ސިއްރެއް ނުކުރެއެވެ. މިރާންއަށް އޭނާގެ މަންމަ އާއި ބައްޕަގެ ޢާއިލާއާ ބެހޭ އެތައް ވާހަކައެއް ޝަދަފު ކިޔައިދެއެވެ. އަދި ކޮންމެވެސް ދުވަހަކުން އެމީހުންނާ ބައްދަލުވާނެކަމުގެ އުންމީދު ވެސް އެތުއްތު ކުއްޖާއަށް އޭނާ ދެއެވެ.

ޢިޒްވާ ބަލިއިނުމާއިއެކު ވަޒީފާއިން ވަކިވީ ދަރިފުޅަށާ ފިރިމީހާއަށް ދޭންބޭނުންވާ ލޯތްބާއި ސަމާލުކަން ނުދެވިދާނޭތީއެވެ. އެހެންނަމަވެސް އޭނާ ވަގުތު ވާވަރަކުން އަދިވެސް ފައިސާއަށް މީހުންގެ އެއްޗެހި ފަހައިދީހަދައެވެ. ދަރިފުޅަކީ އައިބެއް ހުރި ކުއްޖެއްކަން އިޙުސާސް ނުވާނޭ ވަރަށް މިރާންއަށް ލޯބިދެއެވެ. ރަނގަޅު ތަރުބިއްޔެއް ދިނުމުގައި އުނިވެދާނޭހެން ހީވާ އެއްވެސް ކަމެއް އޭނާ ދޫކޮށްނުލައެވެ. މިއަދަކީ އެދެމަފިރިންގެ ކައިވެންޏަށް ފަސްއަހަރު ފުރުނު ދުވަހެވެ. އެދެމަފިރިންގެ ކައިވެންޏަށް އަހަރު ފުރޭ ދުވަހަކީ ވޭތުވިޔަ ކޮންމެ އަހަރެއްގައި ވެސް ޝަދަފު ވަރަށް ކުލަގަދަކޮށް ފާހަގަކޮށްފައިވާ ދުވަހެކެވެ. ނަމަވެސް އެކަމަށް އާދަވެފައި ހުރި ޢިޒްވާ މިއަދު އިނީ ހައިރާންކަމުގެ ތެރޭގައެވެ. ހިތާ ސިކުނޑީގައި ތަފާތު ޚިޔާލުތައް އެނބުރެމުންދިޔައެވެ. މީގެ ކުރިން ޢިޒްވާއަށް ހެނދުނު ހޭލެވޭނީ ވެސް ޝަދަފު އޭނާއަށް އެދުވަހުގެ މަރުހަބާ ކިޔުމާއެކުއެވެ. ނަމަވެސް މިއަދު ޝަދަފުގެ ފަރާތުން އެފަދަ އެއްވެސް ކަމެއް ނުފެނެއެވެ. ހީވާގޮތުން އޭނާ ހަނދާން ނެތީކަންނޭނގެއެވެ. ޢިޒްވާ ބޭނުންވީ ތަންކޮޅެއް ފަހުން ޝަދަފާއިއެކު އެކަނިވެލާނޭ ފުރުޞަތެއް ލިބުމުން އޭނާއަށް އެކަން ހަނދާންކޮށްދިނުމަށެވެ. އަދި މިފަހަރު ޝަދަފަށްވުރެ ކުރިން ޢިޒްވާ ހޯދާފައި އޮތް ހަދިޔާ ދޭށެވެ. ފަހަން އިންއިރު ވެސް ޢިޒްވާގެ ސިކުނޑީގައި ރާވަމުންދިޔައީ މިރޭގެ ބާކީ އޮތްބައި ޝަދަފާއިއެކު ހޭދަކުރާނޭގޮތެވެ.

ސިޓިން ރޫމުގައި ދަރިފުޅު ގޮވައިގެން އިން ޝަދަފު ތެދުވީ ދޮރުގެ ބެލްޖިއަޑަށެވެ. އޭނާ އައިސް ދޮރުހުޅުވާލި އިރު ދެއަންހެން ކުދިން ދޮރުމަތީ ތިއްބެވެ.

“އިޒޫ ކޮބާ” އެތަނުން އެއްއަންހެން ކުއްޖަކު އަހާލިއެވެ.

“ވަދޭ އެތެރެއަށް، އެބަ ގޮވާލަން އިޒޫއަށް” ޝަދަފު ސޯފާއަށް އިޝާރާތްކޮށްލާފައި ޢިޒްވާ ފަހަން އިން ކޮޓަރިއާ ދިމާލަށް ހިނގައިގަތެވެ.

“އިޒޫ، އެބަތިބި ދެކުދިން އިޒޫ ހޯދަން އައިސް” ޝަދަފު ކޮޓަރިތެރެއަށް އެއްކޮށް ވަނުމުގެ ބަދަލުގައި ބޯދިއްކޮށްލަމުން ބުންޏެވެ. އޭރު ޢިޒްވާ މޭޒުކައިރީ ކޮޅަށްހުރެ ކޮތަޅަކަށް ހެދުންތަކެއް އަޅަމުންދިޔައެވެ.

“އެއައީ މިބަލާ” ޢިޒްވާ ނުކުންނަން ހިނގައިގަންނަމުން ބުންޏެވެ. ޝަދަފު، ޢިޒްވާގެ ފަހަތުން ހިނގައިގަތެވެ. އޭނާ އައިސް ސޯފާގައި އިށީނީއެވެ. ޢިޒްވާ ފެނިފައި ވަކިން ހުރި ސޯފާގައި ތިބި ދެކުދިން ތެދުވެ ހިނިތުންވެލިއެވެ. ޢިޒްވާ އައިސް ކޮތަޅު އެދެކުދިންނަށް ދިއްކޮށްލަމުން ހެދުމާ ބެހޭ ވާހަކަދެއްކިއެވެ.

“ހިނގާ ސައިބޯން” ޢިޒްވާ އެޕާޓްމެންޓުގެ ދޮރުލައްޕާ ތަޅުލުމާއިއެކު ޝަދަފަށް ބުންޏެވެ. ބަދިގެ އާއި ކާމޭޒު ބަހައްޓާފައި ހުރި ދިމާވަނީ ލަކުޑިއާއި ބިއްލޫރިން ފަރުމާކޮށްފައި ހުރި ޕާޓިޝަންއަކުން ވަކިކޮށްލެވިފައެވެ. ޢިޒްވާ ސައިހަދަން އުޅުނުއިރު ޝަދަފު ކާމޭޒު ދޮށުގައި އިށީނދެއްޖެއެވެ. އޭނާގެ އުނގުގައި މިރާން އިނެވެ. އެހެންއިންއިރު އޭނާ ޢިޒްވާއަށް ބަލަމުން ދިޔައީ ވަރަށް ޝައުގުވެރިކަމާއިއެކު ހިނިތުންވެލައިގެން އިނދެއެވެ. ސިކުނޑީގައި ކަމެއް ފޮރުވާލައިގެން އިންކަހަލައެވެ.

“ކިހާއިރަކު އޮފީހަށް ދަނީ، މިރޭ ތަންކޮޅެއް އަވަހަށް އާދެވޭކަށްނެތްތަ” ޢިޒްވާ ސައިޖޯޑު ގެނެސް ޝަދަފުގެ ކުރިމަތީ ބަހައްޓަމުން އަހާލިއެވެ.

“އަދި ނޭނގެ، އޮފީހަށް ދެވުނީމަ އެނގޭނީ، މިރޭ ކަމެއްއޮތީތަ” ޝަދަފު ގަސްދުގައި ނޭނގޭކަމަށް ހަދާލާފައި ޢިޒްވާއަށް ބަލާލިއެވެ.

“ވަކިއެހެނެއްނޫން، މިއަދު ކޮންދުވަހެއްތަމީ؟ މިރާންގެ ކަންތަކުގައި އުޚެން ހަދައިގެން މިހާރު ދުވަސްތައް ވެސް އޮޅޭވަރުވޭ” ޢިޒްވާ ބޭނުންވީ ޝަދަފު ކަމެއް ހަނދާންނެތިފައި ހުރިކަން އަންގާށެވެ. އެހެންނަމަވެސް ސީދާ އެއީކޮންކަމެއްކަން ބުނާކަށް ޚުދު އޭނާ ވެސް ބޭނުމެއްނޫނެވެ.

“މިއަދު އަންގާރައެންނު” ޝަދަފު ދެން ވެސް ހެދީ ނޭނގޭކަމަށެވެ. އޭނާއަށް ޢިޒްވާ ތުންފިއްތާލިތަން ފެނިފައި ހިނިތުންވެލީ ލާނެތްގޮތަކަށެވެ. ޢިޒްވާ ބޭނުންވެގެން އެއުޅެނީ ކޮންކަމެއްކަން ޝަދަފަށް އެނގޭ ކަހަލައެވެ. ނަމަވެސް އޭނާ އެކަމުގެ އެއްވެސް އިޝާރާތެއް ނުކުރިއެވެ.

ރޭގަނޑު ނުވައެއްޖެހިއިރު ޢިޒްވާ އޮތީ ފެންވަރާލައިގެން ނުކުމެ މިރާންގެ ގާތުގައި އޮށޯވެލައިގެންނެވެ. ގޭގައި ޝަދަފު ވެސް ނެތުމާއެކު މިރާން ނިންދެވުމަކީ ފަސޭހަކަމަށް ވެސް ނުވާތީއެވެ. އެހެންއޮއްވާ މިރާންއާއެކު އޭނާ އަށް ވެސް ނިދުނީއެވެ. ހޭވެރިކަންވީ ޝަދަފު އައިސް މަޑުމަޑުން ގޮވާލުމުންނެވެ.

“ހާދަ އަވަހަކަށް ނައިޓީލީ” ޝަދަފު ވައިއަޑުން ޢިޒްވާގެ ކަންފަތްދޮށުގައި ބުނެލިއެވެ.

“ޝަދަފު އަންނާނެ އިރެއް އެނގެނީއެއްނޫން، ދެން މިރޭ އިތުރަށް ހޭލާހުންނަނީ ކީއްކުރަން، ނިދީމަވީނު” ޢިޒްވާގެ އަޑުގައި ހިތްހަމަނުޖެހިފައި ހުރިގޮތެއް ހުއްޓެވެ. ޝަދަފު ހީނލާފައި ޢިޒްވާ ގެނެސް ގަޔާ ކައިރިކޮށްލިއެވެ. އަދި ޢިޒްވާ ގޮވައިގެން ނިދާކޮޓަރިއަށް ދިޔައީ ހިނިތުންވެލައިގެން ހުރެއެވެ.

ކޮޓަރިއަށް ވަދެވުމާއިއެކު ޢިޒްވާގެ ލޮލުގައި އެންމެ ފުރަތަމަ ވެސް އަޅައިގަތީ އެނދުމަތީ އޮތް ބޮޑު ފިނިފެންމާ ބޮނޑިއެވެ. ޔަޤީނުން ވެސް އެމާބޮޑި ވަށައިގެން ޢިޒްވާގެ އަތްވަށާނުޖެހޭނެއެވެ. އެހާ ވެސް ބޮޑީއެވެ. ރަތްކުލައިގެ ބޮޑެތިކޮށް ފޮޅިފައި ހުރި މާތަކެކެވެ. ތުންފަތަށް ވެރިވި ހިނިތުންވުމާއެކު އަވަސް އަވަހަށް ޝަދަފަށް ބަލާލިއެވެ. އޭރު ޝަދަފު ވެސް ހުރީ ހިނިއައިސްފައެވެ.

“އައި ލަވް ޔޫ، ކިހިނެއް ހަނދާންނެތޭނީ” ހިނިއައިސްފައި ހުރި ޝަދަފު މިހެން ބުނެ ޢިޒްވާގެ ނިތްކުރީގައި ބޮސްދިނެވެ.

“ކީއްވެ މިހާލަހުން ވިޝްކުރަން މަޑުކުރީ، އަހަރެން ހާދަ ދެރަވިއޭ” ޢިޒްވާ ޅަކުއްޖެއް ފަދައިން ޝަދަފުގެ މޭގައި ބޮނޑިވެލިއެވެ. ޝަދަފުގެ ފިރިހެންވަންތަ ލުއިހީނލުމުގެ އަޑު ކޮޓަރިތެރެއަށް ފެތުރިގެންދިޔައެވެ. އަދި އޭނާ ޢިޒްވާ ގަޔާ ދުރުކޮށްލަމުން އެނދުމަތީ އޮތް މާބޮޑު ނަގާފައި ޢިޒްވާއަށް ދިއްކޮށްލިއެވެ. ޢިޒްވާ މާތަކުގެ ފިޔައިގައި އިނގިލިތައް ހާކާލުމާއިއެކު އުފަލުން ޝަދަފަށް ބަލާލިއެވެ.

“އަހަރެން ވެސް ވަރަށް ލޯބިވޭ ޝަދަފުދެކެ، އަހަރެން ވެސް އޮންނާނެ ޝަދަފަށް ހަދިޔާއެއް ތައްޔާރުކޮށްފަ” ޢިޒްވާ ހެވިފައިހުރި ބުންޏެވެ. އަދި އަލަމާރިކައިރިއަށް ޖެހިލަމުން ބަންދުކޮށްފައި އޮތް ކުޑަފޮއްޓެއް ނެގިއެވެ. އޭތި ގެނެސް ޝަދަފުގެ އަތަށް ލާދިނެވެ. އެއާއިއެކު ޝަދަފު އަވަސް އަވަހަށް އެފޮށި ހުޅުވާލިއެވެ. އޭގައި އޮތީ ރިހި އަނގޮށްޓިއެކެވެ. އޭގެ އެތެރެފަށުގައި އިނގިރޭސި އަކުރުން ކަނޑާނަގާފައި ހުއްޓެވެ. ޝަދަފު ލޮލާ އަނގޮށްޓި ކައިރިކޮށްލަމުން ލިޔެފައި ހުރި އެއްޗެއް ކިޔާލިއެވެ.

“ޢިޒްވާ އެންޑް މިރާން” ޝަދަފު މަޑުމަޑުން ކިޔާލިނަމަވެސް އޭނާގެ މޫނުމަތިން އުޖަލާވެގެން ދިއުމާއިއެކު އެދެލޮލުގެ ވިދުން ގަދަވިއެވެ.

“އިޓްސް ޕާރފެކްޓް” ޝަދަފު މިހެން ބުނެލަމުން ޢިޒްވާގެ ގެނެސް އެއަތުގެތެރެއަށް ލިއެވެ. އަދި ނިކަން ލޯބިން އެމޫނުގައި ލޯބިކޮށްލިއެވެ.

“އަދި ހުރިހާ ހަދިޔާއެއް ނިމުނީއެއްނޫން އިނގޭ، ނިކަން އެނދުދަށް ބަލާލަބަލަ، ޑްރެސިންގ ޓޭބަލް ވަތްގަނޑު ވެސް” ޝަދަފު ހިނިއައިސްފައި ހުރެ ފައްޗަކަށް ކިޔާލިއެވެ. ޢިޒްވާ ހީވީ ކުޑަކުއްޖެއް ހެންނެވެ. އަވަސް އަވަހަށް ޝަދަފު ބުނި ތަންތަން ހޯދުމަށް އުޅެގަތެވެ.

ޢިޒްވާ އެނދުދަށުގައި އޮތް އަޅިކުލައިގެ ފޮށިނަގާ އެނދުމަތީ ބާއްވާލިއެވެ. އެފޮށީގެ މެދުގައި ރަތްކުލައިގެ ރިބަނުން ޓައިއެއް ޖަހާފައި އޮތެވެ. ފޮށީގެ މަތިގަނޑު ނެގުމާއެކު ޢިޒްވާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވެގެންދިޔައެވެ. އޭގައި އޮތީ ހެދުމެކެވެ.

“ނުކުރޭނެ މިކަހަލަ ހެދުމެއްލާކަށް، މިހާރު ކިހާދުވަހެއްވެއްޖެ މިކަހަލަ ހެދުމެއް ނުލާތާ” ޢިޒްވާ ހެދުންނަގާ ގައިގާ ޖައްސާލަމުން ޝަދަފަށް ބުންޏެވެ.

“ޕްލީޒް، އިޒޫ އަހަންނާ މެރީކުރި ދުވަހުގެރޭ ޑިނާއަށް ދިޔައީ ތިކަހަލަ ހެދުމެއް ލައިގެން، އެފަދަ ރެއަކަށް މިރޭ ވާން އަހަރެން ވަރަށް ބޭނުން” ޝަދަފު ލޯބިން ފުރިގެންވި ގޮތަކަށް ޢިޒްވާއަށް ބަލަންހުރެ ބުންޏެވެ.

“ކޮންއިރަކު މިހުރިހާ ކަމެއް ކުރީ، އަހަރެން މިރޭ ވެސް ޑްރެސިންގ ޓޭބަލްގެ ވަތްގަނޑު ހުޅުވައިފިން… ތީ މިރޭ އަވަހަށް އާދެވޭނެކަމެއް ނޭނގެޔޭ ބުނި މީހާ” ޢިޒްވާގެ އަތުގައި އޮތް ހެދުން އެނދުމަތީ ރީތިކޮށް ފަތުރާލާފައި ބާއްވަމުން ވާހަކަދެއްކިއެވެ. އަދި ރީތިވާ މޭޒުގެ ދޮށަށް އައިސް ވަތްގަނޑު ހުޅުވާލިއެވެ. އޭނާގެ ވާހަކަހުރިގޮތުން މިރޭ ޝަދަފުގެ އެއްވެސް އެދުމަކަށް އޭނާ ނޫނެކޭ ނުބުނާނެކަން ޔަޤީނެވެ.

“ހެނދުނު އިޒޫއަށް ނުގޮވާ އަހަރެން އެފޮށި އެނދުދަށަށްލީ، މިރޭގެ ޕްލޭންސްތައް ހެދީ އޮފީހުގައި އިނދެ، އަހަރެން އޮފީހުން ގެއަށް އައި އިރުވެސް ތިފޮށި ދަބަހުގައި އޮންނާނެ، މިރޭ އޮފީހަށް ދާވާހަކަ ބުނީ މިރާން އެވަގުތު އަހަރުމެންގެ ގާތުގައި ހުރީމަ، އޭނާ އަވަހަށް ނުނިދަ ފާނެތީވެ، ދެން އިތުރު ވާހަކައެއް ނުދައްކާ އަވަހަށް ތައްޔާރުވެބަލަ ޑިނާއަށް ދާން” ޝަދަފު ކުރިއަށް ޖެހިލާފައި ޢިޒްވާ ރީތިވާ މޭޒުގެ ވަތްގަނޑުން ނެގި ފޮށި ހުޅުވާލަމުން ބުންޏެވެ.

“ވާވް، މީ ރިއަލް ޑައިމަންޑްތަ؟، ސިމްޕަލް އެންޑް ޔުނީކް، އައި ލަވް ޔޫ” ޝަދަފު ހުޅުވާލައިގެން ހުރި ފޮށީގައި އޮތް ރިހިކުލައިގެ ފަށް ފެނުމުން ޢިޒްވާ ބުނެލިއެވެ. ޝަދަފު ހިނިތުންވެލައިގެން ހުރެ ޢިޒްވާގެ ކަރުގައި އެފަށް އަޅުވާލަދިނެވެ.

“މި ރެޑީވަނީ، އެކަމަކު މިރާން އެކަނި ބާއްވާފައި ދާކަށް ނުކެރޭނެ” ޢިޒްވާ ތައްޔާރުވެލަން އުޅެފަވެސް އެނބުރި ޝަދަފަށް ބަލާލިއެވެ.

“މިރާން އެކަންޏެއްނުވާނެ، ނަވާލު އެކަން އަހަންނަށް ހަމަޖައްސައިދީފި، އިރުކޮޅަކުން އާނާ އަންނާނެ، އެއީ ޕިލިޕިންސް ކުއްޖެއް، ޑޭކެއަރ ތަނެއްގައި ވޯކްކުރާ ކުއްޖެއް، މިރޭ މިގޭގައި މަޑުކޮށްލަދޭނެ އަހަރުމެން ޑިނާއަށް ގޮސްފައި އަންނަންދެން، އެގޮތް އެންމެ ރަނގަޅެންނު، މިރާން ވެސް ނިދާފައި ހޭލާނީ ދަންވަރު، އެހާއިރު އަހަރުމެން ގޭގައެންނު ތިބޭނީ” ޝަދަފު ހުރީ ހުރިހާކަމަކަށް ތައްޔާރުވެގެންނެވެ. އެއާއިއެކު ޢިޒްވާ ބޯޖަހާލަމުން ތައްޔާރުވާންފެށިއެވެ.

އެޕާޓްމެންޓުގެ ބެލްޖެހުމާއިއެކު ޝަދަފު އައިސް ދޮރުހުޅުވާލިއެވެ. އޭރު ދޮރުމަތީ ހުރި ޒުވާން އަންހެން ކުއްޖާއަށް ޝަދަފު ހިނިތުންވެލުމާއިއެކު އެތެރެއަށް ވަނުމަށް ބުންޏެވެ.

“އާނާ، މިރާން އިސް ސްލީޕިންގ، ޕްލީޒް ރެމެމްބަރ ޓު ކޯލު މީ، ފުޑްސް އަރ ދެއަރ އިން ދަ ފްރިޖް” ޝަދަފު އޭނާގެ ވޮލެޓުން ނެގި އެޑްރެސްކާޑު އާނާއަށް ދިއްކޮށްލިއެވެ. އަދި އެ ދެމަފިރިން ބޭރަށް ގޮސްފައި އަންނަންދެން ގޭތެރޭގައި ހަމަޖެހިލައިގެން ހުރެވޭނޭ ހުރިހާ އިންތިޒާމެއް ހަމަޖައްސައިދިނެވެ. އެވަގުތު ދަރިފުޅުގެ ކޮޓަރިތެރެއިން ނުކުމެގެން އަންނަ ޢިޒްވާ ފެނުނެވެ. ކަކުލާ ހަމަޔަށް ގަޔަށް ހިފާފައި ހުރި ހެދުމުގައި ޢިޒްވާ ފެންނަލެއް ނުހަނު ހިތްގައިމެވެ. އެއްފަރާތަށް ޖަހާލެވިފައި ހުރި ހުޅިއާއިއެކު އަދައިގެ މޭކަޕެއްގައި ޢިޒްވާގެ ރީތިކަން އިތުރުވެފައި ވެއެވެ. މަންމައަކަށް އޭނާ ވިއެއްކަމަކު ލިބިފައިވާ ރީތިކަމަށް ބަދަލެއް ނާދެއެވެ. އޭގެ ބަދަލުގައި ޢިޒްވާގެ ހަންގަނޑު އޮމާންވެ އިސްތަށިގަނޑު ވަރުގަދަވެފައި ވެއެވެ. އާޝޯހުވެފައި ހުރިފަދަ ގޮތަކަށް ޝަދަފު ބަލަހައްޓައިގެން ހުއްޓާ ޢިޒްވާ އައިސް އާނާގެ ގާތުގައި މަޑުކޮށްލިއެވެ. އަދި މިރާން ހޭލައިފިނަމަ ކަންތައްކުރަންވީ ގޮތް ކިޔާދިނެވެ. އާނާއަށް ވެސް ޢިޒްވާގެ ރީތިކަމަށް ތަޢުރީފު ނުކޮށް ނުހުރެވުނެވެ.

“ސީ ޔޫ އާނާ” ޢިޒްވާގެ އުނަގަނޑުގައި ހިފާލައިގެން ހުރެ އެޕާޓްމެންޓުން ނުކުންނަމުން ޝަދަފު ބުންޏެވެ. މިރެއަކީ އެދެމެފަރިންނަށް ޚާއްޞަ ރެއެއްކަން އާނާއަށް އެނގެއެވެ. އެކަމުގައި ބައިވެރިވެވޭތީ ޚުދު އޭނާ ވެސް ހުރީ އުފަލުންނެވެ.

ޝަދަފުގެ ކާރުގައި އައިސް ގާޑަންވިއު ހޮޓެލްގެ ކުރިމައްޗަށް މަޑުކޮށްލިއެވެ. ދެމަފިރިންގެ ތުންފަތަށް ވެރިވެފައިވަނީ އާދަޔާއި ޚިލާފު ހިނިތުންވުމެކެވެ. އެކަކު އަނެކަކަށް ބަލާލާގޮތުން ވެސް ދެމީހުންގެ މެދުގައި އުފެދިފައިވާ ގާތްކާމާއި ލޯބި ފާޅުވެއެވެ. އެއްވެސް އެއްޗެއް ނުބުނެ ހިނިތުންވެލައިގެން ހުރެ ޢިޒްވާ ޝަދަފާއިއެކު ހޮޓެލްގެ ރެސްޓޯރެންޓު ތެރެއަށް ވަދެގެން ދިޔައެވެ.

“އިޒޫ، އަހަންނަކީ ވަރަށް ނަސީބުގަދަ މީހެއް، އިޒޫއާ ކައިވެނިކުރެވުން އެއީ ވެސް އަހަރެންގެ ނަސީބެއް، ކައިވެންޏަށް ފަސްއަހަރު ފުރުންއިރު އަހަރުމެންގެ ލޯބީގެ މޭވާ ވަރަށް ވެސް ފޮނި، އިޒޫއާ ނުލާ އަހަރެން އުޅޭނީ ކިހިނެއްކަމެއް ވެސް ނޭނގެ، އެފަދަ ދުވަހެއް ދުވަހަކުވެސް ދެކޭކަށް ބޭނުމެއްނޫން، އިޒޫއާ ވަކިވާންޖެހިއްޖެނަމަ އަހަންނަށް ޔަޤީން އެދުވަހަކުން އަހަރެންނަކީ ދުނިޔޭގައި ހުއްޓަސް ހަމަހުރި މަސްގަނޑަކަށް ނޫނީ ނުވާނެކަން” ޝަދަފު ކެއުމަށް އިންސާފުކުރަމުން ޢިޒްވާއަށް އަތްދިއްކޮށްލަމުން ބުންޏެވެ.

“އިރާދަކުރެއްވިއްޔާ އަހަރުމެން ދެމީހުން ދުވަހަކު ވެސް ވަތްކެއް ނުވާނެ، އަހަންނާ މިރާންގެ ހުރިހާ ވެސް މީހަކީ ތީ، ސޯ ޕްލީޒް ޝަދަފު، އެއްގޮތަކަށް ވެސް ވަކިވާ ވާހަކަނުދައްކާ، އެއަށްވުރެ ހިތްދަތިކަމެއް އަހަންނަށް ނުލިބޭނެ، މިއުފާވެރި ވަގުތުކޮޅުގައި ހިތްހަމަޖެހޭނޭ ފަދަ ވާހަކަދައްކަން އަހަރެން ބޭނުންވަނީ، ފަސްއަހަރު ވީއިރު ވެސް ދަރިއަކު ލިބުން ފިޔަވައި އަހަރުމެން ދެމީހުންގެ މެދުގައި އެއްވެސް ކަމެއް ބަދަލެއް ނުވޭ، ނޫންތަ، މިހާރު އަދި ވަކިން ޝަދަފުދެކެ ލޯބިވޭ” ޢިޒްވާ، ޝަދަފުގެ އަތްތިލައިގެ ތެރެއަށް އޭނާގެ އަތްތިލަ ލަމުން ބުންޏެވެ.

“އެކަމަކު މިރޭ އަހަރެން ވާހަކައެއް ބުނަން ބޭނުން” ޝަދަފު ހިނިއައިސްފައި އިނދެ ބުންޏެވެ.

“ކޮންވާހަކައެއް” ކެތްތެރިކަން ކުޑަވެފައި އިންގޮތަކަށް ޢިޒްވާ އަހާލިއެވެ.

“އަހަރެން އަދި އެއްކުއްޖެއް ބޭނުން” ޝަދަފު އިރުކޮޅަކު ޢިޒްވާއާ ނަޒަރު ސީދާކޮށްލައިގެން އިނުމަށްފަހު ބުންޏެވެ. އެހިނދު ޢިޒްވާގެ ކޯތާފަތަށް ލޭތަށްޖަމާވި ކަހަލައެވެ. މަޑުމަޑު ޖަންބުކުލައެއް ވެރިވެގެންދިޔައެވެ.

“ކިހިނެއްވީ އެއްޗެއް ނުބުނީ، އިޒޫއަށް ނުވާނީތަ” ޝަދަފު އިނީ ވަރަށް ސީރިއަސްވެފައެވެ.

“ނޫން! މިތާތިއްބަސް ކުދިންނެއްނުލިބޭނެ އެންނު” ލަދުރަކިގޮތަކަށް ޢިޒްވާ މިހެން ބުނެލަމުން ވަށައިގެން ހޯދާލީ އޭނާ ބުނިއެއްޗެއް އެހެން ބަޔަކަށް އަޑުއިވުނުތޯ ޔަޤީންކޮށްލާ ފަދަ ގޮތަކަށެވެ.

“އެހެންދޯ! މިނިމުނީ އެންނު، އަހަރެން މިހާރު އިތުރަށް ޑެސަރޓްއަށް އިންތިޒާރުކުރާހިތް ވެސް ކެނޑިއްޖެ، އަވަހަށް ގެއަށް ދާން ބޭނުންވަނީ” ޝަދަފު ހީނލާފައި ބުންޏެވެ.

“ހެ ހެ ހެ… އަހަންނަށް އެންމެ ރަނގަޅު” ޢިޒްވާއަށް ވެސް ހެވުނީ ޝަދަފު ކުއްލިއަކަށް އަވަސްއަރުވާލުމުންނެވެ.

ދަންވި ދަންވިހެން މާލެ ތެރޭގައި ފޯރި ގަދަވާކަން އެއީ އެއްވެސް ބަޔަކަށް އޮޅިފައި އޮންނަކަމެއް ނޫނެވެ. މަގުމަތީގައި ފޭރުމާއި ވަޅި ހެރުމާއި މާރާމާރީއަކީ އާންމުވެފައިވާ ކަންކަމެވެ. އެހެންނަމަވެސް މަގުތަކަށް ނުނިކުމެ އުޅެވޭކަށް ނެތެވެ. ޤައުމުގެ ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި އެފަދަ މުއައްސަސާތަކުން މަސައްކަތްކުރެއެވެ. ނަމަވެސް އަދި އަމާންއޮމާތަނަކަށް މާލޭގެ މަގުތައް ބަދަލު ނުވާނީއެވެ. މަގުތަކުގައި ދުއްވާ ކާރުތަކާއި ސައިކަލުތަކުގެ އަދަދު ވެސް ރޭވުމަށްފަހު ގިނަވެއެވެ. ބައެއްފަހަރު ހީވާނީ ހިނިހޮރަކުން ހިނިތަކެއް ނުކުންނަ މަންޒަރު ހެންނެވެ. އަވަސް އަރުވާލާފައި ޢިޒްވާގެ އަތުގައި ހިފައިގެން ހޮޓެލުން ބޭރަށް ޝަދަފު ނުކުތެވެ. ލާނެތް ސަމާސާތައް ޢިޒްވާއާ ކުރަމުންނެވެ. ހޮޓެލްގެ ޕާކިން އޭރިއާ ފުރިފައި އޮތުމުން ޝަދަފުގެ ކާރު ޕާކުކުރަން ޖެހުނީ ހޮޓެލާއި ތަންކޮޅެއް ދުރުގައެވެ.

“ލަވް ޔޫ، އެކަން އަބަދުވެސް ހަނދާންކުރައްޗޭ، އަހަރެން ލޯބިވާވަރު މިރޭ އަދި ގެއަށް ދިޔައީމަ އެނގޭނެ” ލާނެތްގޮތަކަށް ޝަދަފު، ޢިޒްވާގެ ކަންފަތްދޮށުގައި ބުންޏެވެ.

“ދެން ޝަދަފު އުޅޭގޮތެއް” ޢިޒްވާ މަޑުމަޑުން މިހެން ބުނެ ޝަދަފުގެ ބަނޑުގައި ވިކައިގަތެވެ. އެއާއިއެކު ޝަދަފު ހީނގަތެވެ.

“އޯކޭ، މިއަންނަނީ ކާރު ހިފައިގެން، މިފަރާތުގައި މަޑުކޮށްލާ، ނުވާނެ ގިނައިރެއް” ޝަދަފު ބުންޏެވެ.

“ނޫން! އަހަރެން ވެސް ދާނަން ޝަދަފާއިއެކު” މަދުވަގުތުކޮޅަކަށް ވެސް ޢިޒްވާ އެކަނި ހުންނާކަށް ބޭނުމެއްނުވިއެވެ. ޝަދަފު ހިނިތުންވެލަމުން ޢިޒްވާގެ އަތުގައި ހިފައިގެން މަގުގެ ދެފަރާތަށް ބަލާލާފައި ހުރަސްކޮށްލިއެވެ. އެވަގުތު އައި ނައިގޮތަށް ނޭނގި ކާރަކުން ޖެހި ޢިޒްވާ އާއި ޝަދަފު ދިޔައީ ވިއްސައިގެންނެވެ. ދެމީހުންކުރެ އަކަކަށް ވެސް ހަޅައިލަވައިގަންނާކަށް ނޭނގުނެވެ. މާދުރަށް އެއްލިގެން ދިޔަ ޝަދަފު އެއްފަރާތުގައި ހުރި ހޮޅިދަނޑިއެއްގައި ޖެހި ދުވާރުމައްޗަށް ބޯކޮޅު ވާގޮތަށް ވެއްޓުނު ގޮތަށް އޭނާގެ ޚަބަރު ހުސްވެއްޖެއެވެ. ޢިޒްވާ އޮތީ މަގުމެދުގައެވެ. އޭނާގެ އަތުގައި އޮތް ފޯނާ ކްލަޗު ދުރަށް ވިސައިގެންގޮސްފައި އޮތެވެ. އޭގެ އިތުރުން އޭނާގެ ފައިން ބޮޑުބައެއް މަށައިގެން ގޮސް ވައަތް އޮތީ ބިނދިފައެވެ. އެހެންނަމަވެސް ހޭހުރީތީ އޭނާ ތެދުވަން މަސައްކަތްކުރިއެވެ. ވަށައިގެން ހޯދަންފެށުމާއިއެކު އެއްފަރާތުގައި އޮތް ޝަދަފު ފެނުނެވެ. ޢިޒްވާއަށް ހަޅޭލަވައިގަނެވުނީ ދެނެވެ. ބުޅާގަނޑެއްހެން އޭނާއަށް ޝަދަފުގެ ގާތަށް ދެވުނު ގޮތް ވެސް ނޭނގުނެވެ. އޭރު ބާރަށް ރޮވިއްޖެއެވެ. އޭނާގެ ވަށައިގެން މީހުން ވެސް އެއްވެއްޖެއެވެ. ގާޑަންވިއު ހޮޓެލްގެ ބޭރުގައި ހުރި ސެކިއުރީ ގާޑު ދުވެފައި އައިސް އެމީހުންނަށް އެހީވާން އުޅުނެވެ. ޢިޒްވާގެ އަތް ބިނދިފައި އޮތްއިރު ވެސް އޭނާއަށް އެކަން އިޙުސާސް ނުވާކަހަލައެވެ. ޝަދަފުގެ މޫނުގައި ދެއަތުން ހިފާލުމާއިއެކު އޭނާއަށް ގޮވަންފެށިއެވެ. އަދި ޝަދަފުގެ ބޯހިއްލާލުމާއިއެކު ޢިޒްވާގެ އުނގުގައި ބާއްވާލަން މަސައްކަތް ކުރިއެވެ. އެވަގުތު ދެން ފެނުނީ ހޮޓެލުން އައި ބަޔަކު އައިސް ޢިޒްވާގެ އަތުގައި ތުވާލިގަނޑެއް އޮޅާލުމާއިއެކު ލޭމަނާކުރަން މަސައްކަތްކުރިތަނެވެ. ގިނައިރެއްނުވެ އެމްބިއުލާންސް އައެވެ. ދެމީހުން ގޮވައިގެން އެމްބިއުލާންސް ދިޔަފަހުން އެތަނަށް ފުލުހުންގެ ބަޔަކު އައެވެ.

ފިލްމެއް ބަލަން އިން އާނާއަށް ސޯފާގައި އޮއްވާ ނިދުނީއެވެ. ހޭލެވުމާއިއެކު އޭނާ ގަޑިއަށް ބަލާލިއެވެ. އެކެއް ޖަހަނީއެވެ. ޝަދަފުގެ ދެމަފިރިން ބާރަ ޖަހަންވާއިރަށް އަންނާނަމޭ ބުނި ގަޑި ފަހަނައަޅައިދިޔައީއެވެ. އާނާ ކަންބޮޑުވެފައި ޝަދަފު ދިން އެޑްރެސް ކާޑު ހޯދަން ފެށިއެވެ. އަތުގައި އެޑްރެސް ކާޑު ޖެހުމާއިއެކު އާނާ ޝަދަފުގެ ނަންބަރަށް ގުޅިއެވެ. ނަމަވެސް ފޯނު އޮތީ ނިއްވާލާފައެވެ. އެތަށް ފަހަރަކު ގުޅޭތޯ މަސައްކަތްކުރުމަށްފަހު އާނާ ކަންބޮޑުވުމާއިއެކު ސިޓީން ރޫމުގައި ދެކޮޅަށް ހިނގަންފެށިއެވެ. އޭނާ ނިންމީ ކޮންމެގޮތެއް ވިޔަސް ޝަދަފުމެން ގެއަށް އަންނަންދެން މަޑުކުރާށެވެ.

ހެނދުނު ނުވައެއް ޖަހަނިކޮށް ޢިޒްވާ ހޭއެރިއެވެ. ފުންމައިގެން ތެދުވެވުމާއިއެކު އޭނާގެ ގާތަށް ދުވެފައި އައި ނަރުސްކުއްޖާ ޢިޒްވާގެ ގައިގާ ހިފެހެއްޓިއެވެ. ދެލޯ ބޮޑުކޮށްލުމާއިއެކު ޢިޒްވާ ސުވާލުކުރީ ޝަދަފާއި ބެހޭގޮތުންނެވެ.

“ހަސްބަންޑުތަ” ނަރުސްކުއްޖާ ސުވާލުކުރިއެވެ.

“އާން! އޭނަ ކޮބާ” ކަންބޮޑުވެ ބިރުގެންފައި އިން ޢިޒްވާ އެހިއެވެ.

“އަދި ހެޔެއްނާރާ، މިހާރު ވެސް ފަރުވާދެމުންދަނީ، އައި.ސީ.ޔޫގައި އޮތީ” ނަރުސްކުއްޖާ މިހެން ބުނެލިއިރު އޭނާގެ މޫނުމަތިން ޖެހިލުންވުން ފެނިގެންދިޔައެވެ. ޢިޒްވާއަށް ހުއްޓުން އަރާފައި އިރުކޮޅަކު އިނދެވުނީއެވެ.

“މިރާން…. މިރާން…. ގަޑިން ކިހާއިރެއް” ޢިޒްވާ ކުއްލިއަކަށް ދަރިފުޅުގެ މަތިން ހަނދާންވުމާއިއެކު ނަރުސްކުއްޖާއަށް ބަލާލާފައި އަހާލިއެވެ. އެއާއިއެކު ނަރުސްކުއްޖާ ގަޑިބުނުމުން ޢިޒްވާ އުޅުނީ އެނދުން ފައިބާށެވެ.

“ފެމެލީ މީހަކަށް މިތަނުން ގުޅައިދީފާނަން، ޑިސްޗާރޖު ކުރާކަށް ޑޮކްޓަރު ވިދާޅެއްނުވޭ” ނަރުސްކުއްޖާ އަނެއްކާ ވެސް ޢިޒްވާގެ ގައިގާ ހިފެހެއްޓިއެވެ. އެވަގުތު ޢިޒްވާގެ ޕްލާސްޓާރ އަޅާފައި އޮތް އަތް ހަރަކާތްނުކުރެވޭކަން އިޙުސާސް ކުރެވިގެންދިޔައެވެ.

ބަރުއަތާއިއެކު އަމިއްލަ ހަށިގަނޑަށް ލިބިފައިވާ ގެއްލުމަށް ޢިޒްވާގެ ވިސްނުން ހިންގާލެވުނީ ދެނެވެ. އޭނާގެ އެއްފައިގެ ކަކުލާ ކުޑަހުޅާދެމެދު ބެންޑޭޖުކުރެވިފައިވާއިރު އަނެއްފައިގެ ކުޑަހުޅާ ފައިތަލައާއެކު ވަނީ ބެންޑޭޖު ކުރެވިފައެވެ. ނުހިނގޭނެކަން ވެސް އެނގުނީ ދެނެވެ. އެހެންނަމަވެސް ޢިޒްވާ ހުރީ ގޮތްދޫކުރާގޮތަކަށް ނޫނެވެ. ދަރިފުޅުގެ ގާތަށް ދާން ބޭނުންވެފައި ހުރިއިރު ހިތްބާރަށް ތެޅެމުންދިޔައީ ޝަދަފުގެ މޫނުދެކެލުމަށެވެ. ލޯބިވާ ފިރިމާހާގެ ހާލު ބެލުމަށް އޭނާގެ ގާތަށް ދިއުމަށް ކެތްތެރިކަން ކުޑަވެފައެވެ. ނަރުސްކުއްޖާ ދައްކަމުންދިޔަ ވާހަކައަށް ސަމާލުކަމެއް ނުދީ ޢިޒްވާ އެނދުން ފޭބުމަށް އުޅުނެވެ. އެހިނދު ނަރުސްކުއްޖާ އެމަޖެންސީ ކޮޓަރީގައި ހަރަކާތްތެރިވަމުން ދިޔަ ނަރުހުންގެ ތެރެއިން ކުއްޖަކަށް ގޮވާލިއެވެ. އެއާއިއެކު ދިވެހި އަންހެން ކުއްޖަކު އައިސް ޢިޒްވާގެ ގާތުގައި ހުއްޓުނެވެ. ޢިޒްވާގެ އަތުގައި ހިފަހައްޓާލައިގެން ހުރި ބިދޭސީ ނަރުސްކުއްޖާ އިނގިރޭސިން ވާހަކަދެއްކީ އޭނަގެ ގާތުގައި އައިސް މަޑުކޮށްލި ދިވެހިކުއްޖާއާއެވެ.

“އަހަންނަށް އިނގިރޭސި ނޭނގެނީއެއްނޫން، އަހަރެންގެ ފިރިމީހާގެ ގާތަށް ގެންގޮސްދީ، ހެޔޮނުވާނެ… ކޮބާ އަހަރެންގެ އެއްޗެހި” ބަލިމީހުންލައްވާ ހެދުމުގައި އިން ޢިޒްވާ އަވަސް އަވަހަށް ވާހަކަދައްކަން ފެށިއެވެ.

“ޑޮކްޓަރު ހުއްދަނުދެއްވަނިސް އަޅުގަނޑުމެންނަށް ތިކަންކޮށްދެވޭކަށްނެތް، ޢިޒް… ޢިޒްވާ ދޯ، ޢިޒްވާ އިހަށް އަރާމުކޮށްލަންވީނު، އަޅުގަނޑުމެން ޢިޒްވާގެ ބެލެނިވެރިއަކާ ގުޅޭނޭގޮތެއް ބޭނުން، ފުލުހުންގެ ދެބޭފުޅުން އެބަތިއްބެވި ބޭރުގައި ޢިޒްވާ ހޭއަރާނެއިރެއްގެ އިންތިޒާރުގައި، އެބޭފުޅުން ބައެއް ސުވާލުކުރައްވަން ބޭނުންވޭ، އެކްސިޑެންޓް ކޭސްއެއްވީމަ…” ދިވެހި ބަހުން ވާހަކަދައްކަމުން ދިޔަ ނަރުސްކުއްޖާގެ ވާހަކަ ނުނިމެނިސް ޢިޒްވާ ރުޅި އައިސްގެން ވާހަކަދައްކަން ފެށިއެވެ.

“ކަލޭމެންނަށް އަހަރެން ދައްކާ ވާހަކައެއް އަޑެއްނީވޭތަ، ބަލަ އައި.ސީ.ޔޫގައޭ ބުނެލާފައި މިތާ ތިބެން ކަލޭމެންނަށް ފަސޭހަވިޔަސް އަހަންނަށް ކެތްވާނެތަ، މިއަދު އަހަރުމެން ދެމީހުންގެ އެކަކު ވެސް ނެތް، އަހަރެންގެ ބެލެނިވެރިޔާއާ ގުޅަން ކަލޭމެން ބޭނުންވާއިރު، އޭނާ އެއޮތީ އައި.ސީޔޫގަ، އަނެއްކޮޅުން އަހަރެންގެ ހަތަރުއަހަރުގެ ދަރިފުޅު އެކަނިމާއެކަނި ގޭގައި، ދެން ކަލޭ ބުނެބަލަ އަހަރެން މިތަނުގައި އަރާމުކުރަން އޮންނާނެ ގޮތެއް” ޢިޒްވާ އަޑުގަދަކޮށް ވާހަކަދައްކަން ފެށިއެވެ. ދުވަހަކުވެސް އޭނާގެ ފަރާތުން ފެނުނުފަދަ މަންޒަރެއް ނޫނެވެ. އެހެންނަމަވެސް އެވަގުތު ފެންނަމުންދިޔައީ އާންމުކޮށް ފެންނަ ޢިޒްވާއެއްނޫނެވެ. އެތަކެއް އިޙުސާސްތަކެއް އެއްފަހަރާ ތަހައްމަލު ކުރަމުންދިޔައިރު އޭނާގެ ހިތާސިކުނޑިއަށް އެކަމުގެ އަސަރުވަނީ ވަރަށް ބޮޑަށް ކޮށްފައެވެ. ނަރުސްކުއްޖާ ޢިޒްވާއަށް ބަލާލީ ހަމްދަރުދީވާފަދަ ގޮތަކަށެވެ. އެމީހުންނަށް ވެސް ތަނުގެ ޤަވާޢިދާ އުސޫލަތަކަށް ބޯލެނބުން ނޫންގޮތެއްނެތެވެ. ދިވެހި ނަރުސްކުއްޖާ މަޑުކުރުމަށް ބުނަމުން ހިނގައިގަތީ އެއްފަރާތުގައި ހުރި ކޮށިގަނޑާ ދިމާލަށެވެ.

ގިނައިރެނުވެ ޢިޒްވާގެ ގާތަށް ދެފުލުހުން އައިސް މަޑުކޮށްލުމާއިއެކު އެމީހުންގެ ވާހަކަތައް އަޑުއަހާކަށް އޭނާ މަސައްކަތެއްނުކުރިއެވެ. އޭގެ ބަދަލުގައި އެމީހުންނާ ދިމާލަށް ވެސް އެއްޗެހި ކިޔަންފެށިއެވެ. ނަމަވެސް އެކަކުވެސް ޢިޒްވާދެކެ ހިތްހަމަނުޖެހިގެން ނޫޅެއެވެ. އެންމެނަށް ޢިޒްވާ އިން ހާލު އެނގޭތީ ކަންނޭނގެއެވެ. ސުވާލުތަކަށް ޖަވާބުދޭން ބޭނުންނުވިޔަސް ޢިޒްވާއަށް މަޖުބޫރުވީ އެކްސިޑެންޓު ހިނގާދިޔަ ގޮތް ކިޔައިދޭށެވެ. އެކަމަކު އޭނާގެ ފަރާތުން އެކަންކުރީ ކޮންބައެއްކަން ނޭނގޭނެކަމަށް ޢިޒްވާ ބުންޏެވެ. އެއީ ޚުދު އޭނާއަށް ވެސް އެ އެކްސިޑެންޓު ހިނގާދިޔައީ ކިހިނެއްކަން ސިފަކުރަން ނޭނގޭތީ އެވެ. ލިބިފައިވާ ކުއްލި ޝޮކުގެ ތެރޭގައި އެބިރުވެރި މަންޒަރު ސިފަކުރަން ވެސް ބޭނުންނުވަނީ އެވެ. އޭރު ޑޮކްޓަރު އެތަނަށް ދުރުވެއްޖެއެވެ. އޭނާއަށް ޢިޒްވާގެ ހާލުފެނުމުން ކަންބޮޑުވުން ފާޅުކުރެއްވިއެވެ. އަދި މިވަގުތު ބަލިމީހާ އަރާމުކުރުން ވަރަށް މުހިންމުކަމުގައި ބުނުމުން އެތަނުގައި ތިބި ދެފުލުހުން ސުވާލުކުރުން ނިމުނީކަމުގައި ބުންޏެވެ. އެމީހުން އެނބުރިދިޔައީ ޢިޒްވާގެ ބައެއް ސާމާނު އެކްސިޑެންޓު ހިނގި ތަނުން ފެނިފައިވާތީ އެތަކެތި އެމީހުންގެ ބެލުމުގެ ދަށުގައި ހުރިކަމުގައި ބުނަމުންނެވެ. ޢިޒްވާ އަވަސް އަވަހަށް ޑޮކްޓަރުގެ ގާތުގައި އެދެން ފެށީ ޝަދަފުގެ ގާތަށް އޭނާ ގެންގޮސްދިނުމަށެވެ. އޭރު އެމަރޖެންސީ ކޮޓަރީގައި ތިބި ބަލިމީހުންގެ ނަޒަރު ޢިޒްވާއަށް ހުއްޓެމުންދިޔައެވެ. އިރުކޮޅަކު މަޑުކޮށްލުމާއިއެކު ޑޮކްޓަރު ވިދާޅުވީ ބަލިމީހުން އުފުލާ ފުރޮޅުލީ ގޮނޑިއެއް ގެނައުމަށެވެ. އަދި ޢިޒްވާއަށް ލިބިފައިވާ ގެއްލުންތައް ކިޔައިދޭންފެށިއެވެ. އެއަށްފަހު ޝަދަފުގެ ވާހަކަތައް ދައްކަންފެށިއެވެ. ހޮސްޕިޓަލަށް ގެނެވުނުއިރު ވެސް ހެއެއްނެތްކަމެވެ. ބޮލުގެ ނާށިގަނޑަށް ގެއްލުންލިބިފައިވާއިރު ކޮނޑުހުޅުން ނެއްޓިފައި އޮތްވާހަކައެވެ. އޭގެ އިތުރުން ޢިޒްވާއަށް ނޭނގޭ އެތަށް ބަސްތަކެއް އަޑުއިވިގެންދިޔައެވެ. އެހުރިހާ ވާހަކައަކުން ޢިޒްވާ ގަންފައިހުރި ބިރު ހައްތަހާވީ އިތުރެވެ. ޑޮކްޓަރުގެ އެހީގައި އޭނާ އައި.ސީ.ޔޫއަށް ވަނީ ގޮނޑީގައި އިނދެއެވެ.

“ލިބިފައިހުރި ގެއްލުން ސީދާ ބުނަން ދަތި، ބޮލުގެ ނާށިގަނޑު ފަޅައިގެންދިއުން ފިޔަވާ އިތުރުގެއްލުމެއް ބޭރުފުށުން ފެންނާކަށްނެތް، އެވެސް ވަރަށްކުޑަކުޑަ ތަންކޮޅެއް ފަޅައިގެންގޮސްފައި ހުރީ، ފަހަރެއްގައި މައިނާ އިންޖަރީއަކަށްވުން އެކަށީގެންވޭ، އެކަމަކު މިގޮތަށް ހޭނާރާ އޮންނަމަ ބެލޭވޭނީ ކޮންކަޝަންއަށްފަހު ކޯމާއަކަށް ދިޔައީކަމުގައި، ނޫނީ ސިކުނޑިއަށް ލިބުނު ގެއްލުން ބޮޑީކަމުގައި، ޓެސްޓުތައް ހަދަންއެބަޖެހޭ، މިކޮޅުން ބޭނުންވޭ ޝަދަފުގެ ބެލެނިވެރިއެއްގެ ސޮއެ” ޑޮކްޓަރު ހުރިހާ ވާހަކައެއް ދެއްކެވިއިރު ޢިޒްވާގެ ފެންކަޅިވެފައިވާ ދެލޯ ހުއްޓިފައި ހުރީ އެނދުގައި އޮތް ޝަދަފަށެވެ. އޭނާ ޑޮކްޓަރަށް އެއްވެސް ޖަވާބެއް ނުދިނެވެ. ނުރޯން ތުންފިއްތިނަމަވެސް ދެލޯފުރި ބަންޑުންވާންފެށިއެވެ. އެހިނދު ކަންފަތުގައި ޝަދަފުގެ އަޑު ޖެހުނުކަހަލައެވެ. ވަގުތުން ޢިޒްވާގެ ހިތް ކުދިކުދިވެގެންދިޔައެވެ. ގިސްލެވުމާއިއެކު ބާރުކުރަމުންދިޔަ ދެތުންފަތުގެ ތެރެއިން ހިތުގެވޭނީ އާހު ބޭރުވެގެންދިޔައެވެ. އެވަގުތު ޑޮކްޓަރު ޢިޒްވާގެ ކޮނޑުގައި މަޑުމަޑުން ޖަހާލީ ހިތްވަރުކުރާށޭ ބުނާފަދައިންނެވެ. ދެލޯމަރާލައިގެން ޝަދަފު އޮތްއިރު ހީވަނީ ފުރާނަނެތް މަސްގަނޑެއްހެންނެވެ. މަޑުމަޑުން ޢިޒްވާ ތެދުވަން އުޅުމުން ޑޮކްޓަރު ޢިޒްވާގެ ގޮނޑި ކުރިއަށްވުރެ ވެސް ޝަދަފުގެ އެނދައި ކައިރިކޮށްލިއެވެ. ރޮވެމުންދިޔަ ޢިޒްވާ ތުރުތުރު އަޅައަޅާއޮތް އަތްތިލަ އިން ޝަދަފުގެ އަތްތިލާގައި ހިފާލަން އުޅުނެވެ. ނަމަވެސް ޢިޒްވާގެ އިނގިލިތައް ޝަދަފުގެ އަތްތިލާގައި ޖެހުމާއިއެކު އޭނާ ހީވީ ރޫޅިގެން ފޭބިހެންނެވެ. އިސްޖަހާލުމާއިއެކު ބާރަށް ރޮވިއްޖެއެވެ. ޝަދަފުގެ އަތްތިލާގައި މޫނުޖައްސާލެވުމާއިއެކު އޭނާގެ ކޯތާފަތް ތެތްމަމުންދިޔަ ކަރުނަތައް ޝަދަފުގެ އަތްތިލައިންލާފައި ފައިބައިގެންދާންފެށިއެވެ. އެވަގުތު ޝަދަފުގެ މެރިފައިވާ ދެލޯ ތެޅިލިއެވެ. އެސްފިޔަތަށް ތަޅުވާލުމާއިއެކު ދެފަރާތަށް ކަޅިހިންގާލިއެވެ. އެހެންނަމަވެސް ލޮލެއްނުހުޅުވިއެވެ.

ޢިޒްވާ އެނބުރި އެމަރޖެންސީ ކޮޓަރިއަށް ގެނައި އިރުވެސް އޭނާއަށް ރޮވެނީއެވެ. ހުއްޓާލަން މަސައްކަތްކުރި ނަމަވެސް އެކަން ކާމިޔާބެއް ނުވިއެވެ. ނަރުސް ކުދިންގެ ވަރަށް އާދޭހާއެކު ޢިޒްވާ ހިތްވަރުކޮށްފައި މީހާ ހަމަޖެހެން މަސައްކަތްކުރިއެވެ. ލޮލުން ކަރުނަފޭބި ނަމަވެސް އޭނާ އެދުނީ ސަމަރުގެ ނަންބަރު ދިނުމަށްފަހު އެނަންބަރަށް ގުޅައިދިނުމަށެވެ. ޝަދަފުގެ ފޯނު ނަންބަރު ފިޔަވާ ޢިޒްވާއަށް ހިތުން އެނގޭ ނަންބަރަކީ އެއީއެވެ. ސަމަރު އަންނާނެ އިރެއްގެ އިންތިޒާރުގައި ޢިޒްވާ އިންއިރު އޭނާގެ ދެލޯ ފޮހެމުންދިޔައެވެ. ނަމަވެސް ރަތްވެފައިވާ ކޯތަފަތުން ކަރުނައިގެ ތެތްކަމެއް ނުފިލިއެވެ. ހަނދާނުގައިވަނީ ޝަދަފު އެންމެފަހުން އޭނާއާ ދެއްކި ވާހަކަތަކެވެ. ބިރުގަނެފައިވަނީ ޝަދަފާއިނުލާ މިބޮޑު ދުނިޔެއާ ކުރިމަތިލާން ޖެހިދާނެތީއެވެ. އެތަކެއް ޚިޔާލުތަކެއް ސިކުނޑިއަށް ވެރިވަމުންދިޔައިރު ޢިޒްވާ އިނީ ހަދާނެގޮތެއް ނޭނގިފައެވެ. އެހެންމީހެއްގެ މަދަދުވެރިކަމަށް ބޭނުންވެފައެވެ. ރަނގަޅުގޮތް އޭނާއަށް ވިސްނާދޭނެ އެކުވެރިއަކަށެވެ.

“އިޒޫ…” ކުއްލިއަކަށް ދުވެފައި ކަހަލަ ގޮތަކަށް ޢިޒްވާގެ އެނދާދިމާލަށް އައި ސަމަރު ގޮވާލިއެވެ. ޢިޒްވާއަށް ކުޑަކުއްޖެއްފަދައިން ސަމަރުއަށް ދެއަތްދިއްކޮށްލެވުނެވެ. އެއާއިއެކު ސަމަރު އައިސް ޢިޒްވާގެ ގައިގާ އޮޅުލައިގަތެވެ. އެހިނދު އަނެއްކާ ވެސް ޢިޒްވާއަށް ރޮވިއްޖެއެވެ. ގިސްލަ ގިސްލާފައި ޢިޒްވާ ރޮމުން ޝަދަފުގެ ހާލު ކިޔައިދޭން ފެށިއެވެ. ކަންބޮޑުވެފައި އިން ސަމަރުގެ ދެލޯ ކަރުނުން ފުރިގެން ދިޔުމާއެކު އަވަސް އަވަހަށް ފޮހެލިއެވެ.

“ކޮބާ މިރާން” ސަމަރު ހިތްވަރުކުރަމުން ޢިޒްވާ ހަމައަކަށް އެޅުވޭތޯ މަސައްކަތް ފެށިއެވެ.

“ގޭގައި، އާނާއާއެކު…” ޢިޒްވާ ބުންޏެވެ.

“އާނާ، އެއީކާކު” ސަމަރުއަށް ވަގުތުން އަހާލެވުނެވެ. ޢިޒްވާ، އާނާ އާއި މިރާން ހަވާލުކުރަންޖެހުނު ސަބަބު ކިޔައިދިނެވެ. ދެލޯ ބޮޑުކޮށްލައިގެން ޢިޒްވާގެ ވާހަކައަޑުއަހަން އިން ސަމަރު އެނދުމަތިން ތެދުވިއެވެ.

“އަހަރެން މިދަނީ މިރާން ބަލާ، އޭނާއަށް ސައިދީގެން އިޒޫއަށް ބޭނުންވާނެ އެއްޗެހި ހިފައިގެން މިއަންނަނީ، ނަވާލު ނޫނީ ޒައުލްއާ ގުޅޭނެގޮތެއް އެބައޮތްތަ، އެމީހުންނަށް އަންގަންވާނެ އެންނު، ޝަދަފަށް ބޭނުންވަނީ އެމީހުންގެ އެހީތެރިކަން، އެމީހުންނަށް އެނގޭނެ ދެން ހަދަންވީ ގޮތެއް ވެސް” ސަމަރު ހުރިހާކަމަކަށް ވިސްނުން ހިންގާލިއެވެ.

“ޝަދަފުގެ ފޯނުގައި އެމީހުންގެ ނަންބަރުތައް ހުންނާނީ، ދެމީހުންކުރެ އެކަކުގެ ފޯނު ވެސް އަތުގައި ނެތް” ޢިޒްވާ ބުންޏެވެ.

“ދެން ނުވިސްނާ، އަހަރެން ކޮންމެވެސްގޮތަކުން ނަންބަރު ހޯދާލަފާނަން” ސަމަރު އަވަސްއަވަހަށް ބުނެލިއެވެ.

“މިރާން ގޮވައިގެން އަވަހަށް އަންނައްޗޭ” ސަމަރު ދާން އުޅެންފެށުމުން ޢިޒްވާ ބުންޏެވެ. ސަމަރު ބޯޖަހާލަމުން ޢިޒްވާގެ އަތުގައި ފިރުމާލިއެވެ. އަދި އޭނާ އައިކޮޅަށް އެނބުރި ހިނގައިގަތެވެ.

“ކާކު” ޢިޒްވާގެ އެޕާޓްމެންޓުގެ ދޮރު ހުޅުވާލި އާނާ ސުވާލުކުރިއެވެ. އަވަސްއަރުވާލަފައި ގޭތެރެއަށް ދެމިގަންނަމުން ސަމަރު ވާހަކަދައްކަން ފެށިއެވެ. އާނާއަށް ހުރިހާ ވާހަކައެއް ކިޔައިދިނުމުން އެނާ ވެސް ހުރީ ބަސްހުއްޓިފައެވެ. ވަގުތުން އޭނާގެ އެހީތެރިކަމެއް ބޭނުންތޯ ސަމަރުގެ ގާތުގައި އަހާލިއެވެ.

“ނަވާލު، އޭނާއާ ގުޅޭނެ ނަންބަރެއް އެބައޮތްތަ” ސަމަރު އެސުވާލުކޮށްލީ އާނާ ޝަދަފުމެންގެއަށް ފޮނުވީ ނަވާލުކަން އެނގޭތީއެވެ.

“ނަވާލު ސަރގެ ނަންބަރު އެބައޮތް، އެކަމަކު ހިޔެއްނުވޭ ގުޅޭނެހެން” އާނާ ބުންޏެވެ. ސަމަރު ސުވާލުގެ ނަޒަރަކުން އާނާއަށް ބަލާލުމުން އަނެއްކާ ވެސް ވާހަކަދައްކަން ފެށިއެވެ. ނަވާލު ކުއްލިގޮތަކަށް ގުޅާފައި ރޭގައި ޝަދަފުމެންގެއަށް އައިސްދިނުމަށް އެދުނު ކަމުގައެވެ. އާނާ މަސައްކަތްކުރާ ކުޑަކުދިންބަލާ މަރުކަޒުން އޭނާއަށް ވަޒީފާ ހޯދައިދިނީ ނަވާލުކަމުގައެވެ. ޝަދަފުމެންގެއަށް އައުމަށް އެއްބަސްވީ އެހެންވެކަމުގައެވެ. އަދި ނަވާލު ރަށުގައި ނުހުންނާނޭކަމަށް ބުނެފައިވާކަމަށެވެ. އެހެންވެ ޝަދަފު އޭނާގެ ފައިސާގެ ކަންތައްތައް ހަމަޖައްސައިދޭނެ ވާހަކައެވެ. ސަމަރުގެ މޫނުމަތިން ހާސްކަންފެނިގެންދިޔައެވެ. ކަންބޮޑުވެފައި ވިސްނާލަން އިރުކޮޅަކު ހުރެވުނެވެ. އެވަގުތު ފެހިކުލައިގެ މަހުމާ އުރައެއްލައްވާފައި އޮތް ކުޑަބާލީހެއްގެ ކަނެއްގައި ހިފައިގެން ހުރެ ކުޑަކުޑަ މިރާން ކޮޓަރިން ނުކުންތަން ފެނުނެވެ. އޭނާއަށް ސަމަރް އާއި އާނާ ފެނުމުން ހުއްޓުން އެރިއެވެ. އާދަވެގެން ކޮންމެ ދުވަހެއްގެ ހެނދުނު މިރާންއަށް ހޭލެވޭގޮތަށް އޭނާ ނިދަން އޮންނައިރު ބޭނުންކުރާ ބާލީސް ހިފައިގެން ދާނީ ޢިޒްވާ އާއި ޝަދަފުގެ ނިދާކޮޓަރިއަށެވެ. އެމީހުން ހޭލަންދެން މިރާން ނިދާނީ އެދެމަފިރިންގެ މެދުގައި އޮވެއެވެ. އަނެއްކޮޅުން އެކުޑަ ބާލީހަކީ އެއާއިނުލާ މިރާންއަށް ނިދަން އުނދަގޫ އެއްޗެކެވެ. މަހުމާގައި ހުންނަ އޮމާންކަމާއި މަޑުކަމަކީ މިރާން ވަރަށް ގަޔާވާކަމެވެ. ނިދިއައުމުން އެބާލީހުގައި ބޯއަޅާލުމާއިއެކު ފިރުމާލަ ފިރުމާލަ އޮވެއެވެ.

“މީއްކޮ، މޯނިންގ ވީތަ” ސަމަރު ހަމަޖެހިލަމުން ހިނިތުންވެލަން މަސައްކަތްކުރިއެވެ. ނިދީގެ އަސަރު ނުފިލާހުރި މިރާން ލޯކުޑަކޮށްލައިގެން ބަލަންހުއްޓެވެ. ސަމަރު، އާނާއަށް ދޭންޖެހޭ ފައިސާ ދިނުމަށްފަހު އޭނާ ފޮނުވާލިއެވެ. އަދި މިރާންގެ ކަންތައްތަކާ ހަވާލުވުމަށް އެނބުރިލިވަގުތު އެކުއްޖާ ދުއްވައިގަތީ ޢިޒްވާމެންގެ ކޮޓަރި އާއި ދިމާލަށެވެ. ސަމަރު ވެސް ދުރުދުރުގައި ފިޔަވަޅު އަޅާލަމުން މިރާންގެ ފަހަތުން އައެވެ. ކުޑަކޮށް ކޮރާލަމުން މިރާން ދެއަތުން ހިފާ ޢިޒްވާ އާއި ޝަދަފުގެ ނިދާކޮޓަރީގެ ދޮރުހުޅުވާލިއެވެ.

“މީއްކޮ، މީއްކޮ…” މިރާންއަށް ގޮވަމުން އައި ސަމަރު ޢިޒްވާގެ ކޮޓަރިތެރެއަށް ވަނެވެ. މިރާން އައިސް އެނދުގެ ފައިލާކޮޅުގައި ބަނޑުއަޅާލައިގެން އޮވެފައި ތެދުވެ ސަމަރްއަށް ބަލާލިއެވެ.

“މަންމީ ކޮބާ؟” ޅަގޮތަކަށް ބަލަހައްޓައިގެން ހުރެ މިރާން އަހާލިއެވެ. ހުސްކޮށްއޮތް ކޮޓަރިތެރެ ފެނިފައި މިރާން ވެސް ކަންބޮޑުވި ކަހަލައެވެ. ސަމަރު ފުންނޭވާއެއް ލާފައި މިރާންއަށް ހިނިތުންވެލަމުން އަތްދިއްކޮށްލިއެވެ. އަންނާށޭ ބުނާފަދަ ގޮތަކަށެވެ. ނިކަން ފަސޭހައިން މިރާން އައިސް ސަމަރުގެ އަތުގައި ހިފާލިއެވެ. އެއާއިއެކު މިރާން ގޮވައިގެން އެކޮޓަރިން ނުކުމެ ދޮރުލައްޕާލިއެވެ.

“ސަމްދައްތަ މިއައީ މީއްކޮ މަންމަ ގާތަށް ގެންދަންވެގެން، ސައިބޮއެގެން ތިއްތިވެލައިގެންނު ދާންވާނީ” ސަމަރު މިހެންބުނަމުން މިރާން ގޮވައިގެން އައިސް ކާމޭޒު ކައިރިން ގޮނޑިއެއް ދަމާލާފައި އޭގައި ބޭންދިއެވެ. އަދި އަތްމަތި އަވަސްކޮށްލާފައި މިރާންއަށް އެއްޗެއް ދެވޭތޯ އުޅުނެވެ.

“މަންމީ ކޮންތާކަށް ދިޔައީ، ކޮއްކޮ ސައިބޯނީ ޑެޑީއާއެކު” މިރާން ހަޝަމްބަދެލަމުން ތުންކޮޅު ނެރިލާފައި ބުންޏެވެ.

“މަންމިވީ ހޮސްޕިޓަލްގަ، މަންމިއޭ ބުނީ ސަމްދައްތަ ގާތު މީއްކޮ ސައިބުއީމަ ތިއްތިކޮށްލައިގެން އަވަހަށް ގެންނާށޭ މަންމި ގާތަށް” ސަމަރު، މިރާންގެ ޅަސިކުނޑިއަށް އޮޅުވާލަން މަސައްކަތް ކުރިއެވެ. އިރުކޮޅަކު ވިސްނާލަން އިން މިރާން، ސަމަރުގެ ބަސްޤަބޫލުކުރިއެވެ.

ޓެކްސީއިން ފޭބިގޮތަށް މިރާންގެ އަތުގައި ހިފާލައިގެން ސަމަރު ހިނގައިގަތީ އަވަސްފަރުވާދޭ ކޮޓަރިއާ ދިމާލަށެވެ. މޫނުމަތިން ކަންބޮޑުވުމާ ހާސްކަން ފާޅުވަމުންދިޔަ ނަމަވެސް އޭނާ ދޭތެރެއަކުން މިރާންއަށް ބަލާލާފައި ހިނިތުންވެލައެވެ. އެތުއްތު ކުއްޖާއަށް އޭނާގެ ބައްޕަގެ ހާލު އެނގިއްޖެއްޔާ ވާނެގޮތަކާއިމެދު ސަމަރަށް ވިސްނާލެވުނެވެ. ތިރީ ތުންފަތް މަޑުމަޑުން ހަފާލަމުން އައިސް އަވަސްފަރުވާދޭ ބަޔަށް ވަނެވެ.

“މަންމީ” މިރާން ދުވެލާފައި އައިސް ޢިޒްވާގެ އެނދުކައިރީ ހުއްޓިލިއެވެ. ފެންކަޅިވެފައި އިން ޢިޒްވާ އަވަސް އަވަހަށް ދެލޯ ފޮހެލުމާއިއެކު ދަރިފުޅަށް ހިނިތުންވެލިއެވެ. އެވަގުތު ސަމަރު އައިސް މިރާން އުފުއްލާލާފައި އެނދުގައި ޢިޒްވާގެ ގާތުގައި ބޭންދިއެވެ.

“ދަރިފުޅު ސަމްދައްތަގެ ބަސްއެހިންތަ؟” ކުރެހިފައިވާ އަޑަކުން ޢިޒްވާ ވާހަކަދެއްކިއެވެ. މިރާން ހިނިއައިސްފައި ބަލާލަމުން ބޯޖަހާލިއެވެ. އަދި ލައިގެން ހުރި ޓީޝާޓުކޮޅުގެ މަތިން ބަނޑުގައި އަތްޖައްސާލިއެވެ.

“ކޮއްކޮ ބަނޑު ފަޅައިގެންދަނީ” މިރާން ބުންޏެވެ. ޢީޒްވާގެ ލޮލަށް ޖަމާވަމުންދިޔަ ކަރުނައިގެ ތެރެއިން ހީނލެވުނެވެ.

“މަންމީ ރޮނީތަ؟ އައްދޮވީމަތަ؟” މިރާން ވަރަށް ފަރުވާތެރިކަމާއިއެކު ޢިޒްވާގެ ބެންޑޭޖުކޮށްފައިވާ ޒަހަމްތަކަށް ބަލާލަމުން އަހާލިއެވެ. ޢިޒްވާގެ ކޯތާފަތުން ފައިބަމުންދިޔަ ކަރުނަޔާއެކު އޭނާ ބޯޖަހާލީ އާނއެކޭ ބުނުމަށެވެ. އެވަގުތު ސަމަރު އެނދާ ކައިރިއަށް ޖެހިލާފައި ވާހަކަދެއްކިއެވެ.

“މީއްކޮއަށް ވެސް އައްދޮވީމަ ރޮވޭއޭންނު” ސަމަރު، މިރާންއަށް މިހެން ބުނެލިއިރު އޭނާގެ ޒަމާންވީ ރަޙުމަތްތެރިޔާއަށް ބަލާލަމުން ބޮލުން އިޝާރަތްކޮށްލީ ނުރޯށޭ ބުނާފަދައިންނެވެ.

“މީއްކޮ ބަލިވީމަ ޑެޑީ ބޭސްގަނެދޭނެ، މީއްކޮ ބުނާނަން އިނގޭ ޑެޑީ ކައިރީ މަންމިއަށް ބޭސް ގެންނާށޭ، ބޮޑު ޗޮކުލެޓެއް ވެސް، އޭރުން މަންމި ނުރޯނަން ދޯ، މީއްކޮ ވެސް އޭރުން ހުއްޓާލަމޭ” މިރާންގެ ވާހަކަތަކުން ޢިޒްވާގެ ހިތަށް އިތުރަށް ތަދުވިއެވެ.

“މީއްކޮ، މަންމި ތިއްތިވަންދެން މިގޮނޑީގައި ނުތެދުވެ އިންނައްޗޭ، ސަމްދައްތަ އަންނާނަން މަންމި ތިއްތިކޮށްލައިގެން، ބަލިކުދިންނަށް އެހީވާންވާނެއެންނު ދޯ، ރީތި ބަސްއަހައިގެން އިނދޭ އިނގޭ” ސަމަރްއަށް މިރާންގެ ކުރިމަތީ ޢިޒްވާއަށް ވިސްނައިދޭން އުނދަގޫވީތީ ބުންޏެވެ.

“އިޒޫ، ހިނގާ ހެދުންބަދަލުކޮށްލަން” ސަމަރު މިހެންބުނެ ޢިޒްވާ އެނދުން ފޭބުމަށް އެހީތެރިވެދިނެވެ. އަދި ފުރޮޅުލީ ގޮނޑީގައި ޢިޒްވާ ގޮވައިގެން ފާޚާނާއަށް ދިޔައެވެ.

“ސަމަރު، އަހަރެން ކިހިނެއް ޝަދަފުގެ ހާލު މިރާންއަށް ވިސްނައިދޭނީ” ޢިޒްވާ، ސަމަރުއާއެކު އެކަނިވުމުން ބުނެލިއެވެ.

“އިރާދަކުރެއްވިއްޔާ ހުރިހާކަމެއް ވެސް ވާނީ އެންމެ ރަނގަޅަށް، މިވަގުތު އިޒޫ ކެތްތެރިވާންވީ، ހިތްވަރުކުރަންވީ” ސަމަރު ފާޚާނާގައި ހުރެ ޢިޒްވާއަށް އެހީތެރިވަމުން ވާހަކަދެއްކިއެވެ.

“ނަވާލުއާ ގުޅޭގޮތެއްވެއްޖެތަ، ޝަދަފު އެގޮތަށް ބާއްވާކަށް އަހަރެން ބޭނުމެއްނޫން” ޢިޒްވާ އަހާލިއެވެ.

“ނޫން! ގުޅޭނެ ނަންބަރު އެބައޮތް، އެކަމަކު އޭނާ މިވަގުތު ހުރީ މާލެއަކު ނޫން، އަންހެނުންނާ ދަރިން ގޮވައިގެން ރާއްޖޭން ބޭރަށްފުރޭ ރޭ ދަންވަރުކަމަށްވަނީ، ޝަދަފަށް އޮފީސް ހިންގުން ހަވާލުކޮށްފައި، އޮފީހަށް ގުޅުމުން ބުނީ ނަވާލާ ގުޅޭނެ ނަންބަރެއް އެނގޭނީ ޝަދަފަށްކަމަށް، ދެން ކިހިނެއް އަންގާނީ، ޒައުލް ހޯދަން އެއޮފީހަށް ގުޅަންތަ” ސަމަރު ވިސްނާލާފައި ބުންޏެވެ.

“ޝަދަފު އަހަރެން ގާތު ބުނި ނަވާލު ފުރަންއުޅޭ ވާހަކަ، އެކަމަކު ރޭގަކަމެއް ނޭނގޭ… ކުއްލިއަކަށް މިވީ ކިހިނެއް؟ ސަމަރު، މިއަދު އަހަރެންގެ މަންމަ މަތިން ވަރަށް ހަނދާންވޭ، ހިތަށްއަރާ ކައިރީގައި ހުރިނަމައޭ” ޢިޒްވާ ހެދުން ރަނގަޅުކޮށްލަމުން ބުންޏެވެ. އަދި ސަމަރުގެ އެހީގައި ގޮނޑީގައި ހަމަޖެހިލިއެވެ.

“އިޒޫ، ތިހެންބުނީމަ އަހަރެންގެ ހިތަށްއެރި އެއްޗެއް ބުނަންތަ” ސަމަރު މަޑުމަޑުން ހުރެލާފައި ބުންޏެވެ.

“ހޫމް! ބުނެބަލަ” ޢިޒްވާ މިހެންބުނެ ސަމަރުއަށް ބަލަހައްޓައިގެން އިނެވެ.

“އަހަރެން…. އަހަރެން ހިތަށްއަރަނީ، ޝަދަފުގެ މައިންބަފައިންނަށް އަންގަންވާނެޔޭ، މިހާބޮޑުކަމެއް ދިމާވެގެން އުޅެނިކޮށް ޝަދަފަށް ގޮތެއްވެއްޖެއްޔާ އެމީހުން އެކަމުގެ އިލްޒާމު އަޅުވާނީ އިޒޫގެ ބޮލުގައި، ނޫންތަ، ފަހަރެއްގައި ވެސް ދެރަގޮތެއްވާން އަހަރެން ބޭނުމެއްނޫން، ޝަދަފުގެ މަންމަމެން ވެސް މިފަދަކަމެއް ދިމާވީމަ ތިބޭނީ ވަރަށް ދެރަވެފަކަން ޔަޤީން، މިރާންއަކީ ޝަދަފުގެ ހުރި ހަމައެކަނި ނިޝާނަކީ، ވީއިރު މިފަދަ ވަގުތެއްގައި އެމީހުން އިޒޫ އާއި މިރާން ޤަބޫލުވެސްކޮށްފާނެ” ސަމަރުގެ ޚިޔާލާމެދު ޢިޒްވާ ވިސްނާލިއެވެ.

“އެކަމަކު އެމީހުން ކަންތައްކުރިގޮތް އެންގެއެންނު، ޝަދަފުދެކެ އެމީހުން ލޯބިވާނަމަ މިރާންދެކިލަން ނައިހެއް ނުހުރީސް، އަހަންނަށް އެންމެ ރަނގަޅު އެމީހުން އަހަރެންދެކެ ކިތަންމެ ރުޅިއަޔަސް، އަހަރެން އެގެއަށް ނުވެއްދިޔަސް، އެކަމަކު ޝަދަފާ އޭނާގެ ދަރިފުޅަށް އެގެއަށް ވަދެވެންވާނެއެންނު….” ޢިޒްވާގެ ވާހަކަނުނިމެނިސް ސަމަރު ވާހަކަދައްކަންފެށިއެވެ.

“މީހެއްގެ ހިތެއްނޭނގޭނެ ދޯ، މިހާރު ބަދަލުވެސް ވެދާނެ” ސަމަރު ބުންޏެވެ.

“އެހެންވިޔަސް އެންމެ ފުރަތަމަ ޒައުލްއަށް ގުޅޭތޯ އުޅެމާ” ޢިޒްވާ ބުންޏެވެ.

“ހިނގާ ދަމާ، މިރާން މިހާރު އިންނާނީ ލަސްވެފަކަން ޔަޤީން، އިޒޫ ދެން ނުރޯތި މިރާންގެ ކުރިމަތީ، އެކުއްޖާ އެހެރީ ކަންކަން އެނގޭވަރުވެފައި، ކުރާ ހުރިހާ ސުވާލަށް އިޒޫއަށް ޖަވާބު ދެވޭނެތަ؟، އަހަރެން ޒައުލްގެ އޮފީހަށް ގުޅާނަން” ސަމަރު މިހެން ބުނެ ޢިޒްވާ ގޮވައިގެން ފާޚާނާއިން ނުކުތެވެ.

“އަސްލު އަހަރެން ބޭނުމެއްނޫން ޝަދަފުގެ ޢާއިލާ މީހުންނަށް އެއްވެސް ކަމެއް އަންގާކަށް، ބޭނުންވަނީ ޝަދަފު ގޮވައިގެން ރާއްޖޭން ބޭރަށް ފުރަން، އަހަރެންގެ އެކައުންޓުގައި އެހާ ފައިސާއެއް ނުހުންނާނެ، އެކަމަކު ޝަދަފުގެ އެކައުންޓުގައި ހުންނާނެ، އަހަންނަށް އެނގޭ އެފައިސާއަކީ ޝަދަފު އަހަރުމެން ދެމައިންނަށް ހޯދާފައި ހުރި ފައިސާކަން، ސަމަރު، އަހަރުމެން ޝަދަފު ގޮވައިގެން ފުރަމާ” ޢިޒްވާ އަވަސްއަރުވާލާފައި ބުންޏެވެ.

“އިޒޫ، ހަމަޖެހިބަލަ، ޒައުލްއާ ގުޅާލާފައި ގޮތެއް ނިންމަމާ، އަހަރުމެން ދެމީހުން ކިހިނެއް ޝަދަފުގޮވައިގެން ފުރާނީ، ޢިޒްވާ ތީނީ އިންހާލު، މިވަގުތު މިރާން ޢިޒްވާއަށް ބޭނުންވާނެވަރު ވިސްނާލަބަލަ، އަހަރުމެންނާއެކު ފިރިހެނަކު ބޭނުންވާނެ އެންނު” ސަމަރު، ޢިޒްވާއަށް ވިސްނާދޭން މަސައްކަތްކުރިއެވެ. އެކިޚިޔާލުތަކުން ހާސްވަމުން ދިޔަ ޢިޒްވާ ހަމަޖެހިލަން މަސައްކަތްކުރަމުން ދެލޯ މަރާލަމުން ފުންނޭވާއެއްލިއެވެ. ސަމަރު ދައްކަނީ ރަނގަޅުވާހަކަކަން އޭނާއަށް ވިސްނެއެވެ. އެހެންނަމަވެސް ޝަދަފު އެހާލުގައި އޮތްއިރު އޭނާގެ އެންމެ ގާތުގައި ހުންނަ މީހަކީ ޢިޒްވާކަމުގައިވާން އޭނާ ބޭނުންވެއެވެ. ޝަދަފުގެ އެއްވެސް ކަމެއް އިތުރުމީހަކާ ހަވާލުކުރާކަށް ޢިޒްވާގެ ހިތަކަށް ކުޅާދާނައެއް ނޫންވިއްޔާއެވެ.

“މަންމީ، ޑެޑީއަށް ގުޅާބަލަ” ސަމަރު، ޢީޒްވާ ގޮވައިގެން އައިސް އެނދާ ކައިރިވެލިތަނާ ގޮނޑިން ފުންމާލި މިރާން ބުންޏެވެ.

“މީއްކޮ، މަންމި ރީތިކޮށް އެނދުގައި އިށީންނަންދެން މަޑުކޮށްބަލަ” ސަމަރު މިހެން ބުނެ މިރާން އެއްފަރާތްކޮށްލިއެވެ. ވަގުތުން ދެރަވެފައި ހުރިކަން މޫނުމަތިން ދައްކާލަމުން މިރާން، ޢިޒްވާއަށް ބަލާލިއެވެ. އެއާއިއެކު ޢިޒްވާ އެނދުގައި އަރާއިށީނދެލުމާއިއެކު މިރާންއަށް އަތްދިއްކޮށްލިއެވެ. ސަމަރު، މިރާން އެނދަށް އެރުމަށް އެހީތެރިވެދިނެވެ.

“އަހަރެން ޒައުލްއަށް ގުޅޭތޯ މިބަލަނީ” ސަމަރު މިހެން ބުނެ އެއްފަރާތް ވެލިއެވެ. އެވަގުތު ޢިޒްވާ ދަރިފުޅު ގަޔާކައިރިކޮށްލާފައި މިރާންގެ ނިތްކުރީގައި ބޮސްދިނެވެ.

“މިރާންއަށް އެނގޭތަ ޑެޑީ މަންމިއަށްވުރެ ބޮޑަށް މިރާންދެކެކަން ލޯބިވަނީ” ޢިޒްވާ، މިރާންގެ މައުސޫމްކަމުން ފުރެންގި މޫނަށް ބަލާލަމުން އަހާލިއެވެ.

“ޑެޑީގެ ހާޓް ވަރަށް ބޮޑުވާނެޔޭ ޑެޑީ ބުނީ، ޑެޑީގެ ހާޓްގަ މަންމިއާ ކޮއްކޮއާ ޓޫ ކުދިން ތިބޭނެޔޭ ޑެޑީ ބުނި” މިރާންގެ ދުލުން އިވުނެއްކަމަކު، އެވަގުތު ޢިޒްވާއަށް އިވިގެންދިޔައީ ޝަދަފުގެ ބަސްތަކެވެ. އޭނާ އަބަދުވެސް ބުނެއެވެ. ޢިޒްވާ އާއި މިރާންއަކި އޭނާގެ ހިތާ ފުރާނައެވެ. ބޭއިޙްތިރުގައި ޢީޒްވާއަށް ދެލޯ މަރާލެވުނެވެ.

“މަންމީ، ޑެޑީއަށް ގުޅާބަލަ، ކޮއްކޮ ފޫހިވެއްޖެ މިތަނުގަ” މިރާން ދެފައިތަޅުވާލަމުން ފޫހިގޮތަކަށް ބުނެލިއެވެ.

“ދަރިފުޅާ، ޑެޑީ އޮތީ އައްދޮވެފައި، އެހެންވީމަ ޑެޑީއަށް ކިހިނެއް ދަރިފުޅު ގާތަށް އާދެވޭނީ، އެކަމަކު އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ޑެޑީ ދަރިފުޅު ގާތަށް އަންނާނެ، ޑެޑީ ނުލާހިކު ސްޓރޯންގ ކުއްޖެންނު، ދަރިފުޅުވާނެ ޑެޑީ ރަނގަޅުވެގެން އަންނަންދެން ވަރަށް ބަސްއަހަން” ޢިޒްވާ މަޑުމައިތިރިކަމާއެކު ދަރިފުޅަށް ވިސްނޭނޭހެން ޝަދަފުގެ ހާލު ބުނެދޭން މަސައްކަތްކުރިއެވެ.

“ކޮއްކޮގެ ޑެޑީ ސްޕައިޑަމޭންއަށްވުރެ ސްޓްރޯންގުވާނެ، ދެން ކީއްވެ އައްދޮވީ، ޑެޑީ ވެސް ޗޮކުލެޓު ބޭނުންވީ ދޯ” މިރާން މިހެންބުނަމުން ލާނެތްގޮތަކަށް ހީނލާފައި އަނގަމަތީ އޭނާގެ ކުޑަކުޑައަތް އަޅާލިއެވެ. ޢިޒްވާއަށް އިތުރަށް ކެތެއްނުވިއެވެ. އެއްއަތުން ދަރިފުޅު ގެނެސް މޭގައި ބޮނޑިކޮށްލިއެވެ. ދެލޮލުން ފޭދިގެން ދިޔަ ކަރުނަތައް މިރާންއަށް ފެނުމުގެ ކުރިން އޭނާ ފޮހެލީ އެހާ އަވަހަށެވެ.

“އިޒޫ، ޒައުލްގެ އޮފީހަށް ގުޅިއްޖެ، އޭނާ އިނީ ހެނދުނުގެ މީޓީންނެއްގަ، އެމީހުން އޭނާއާ ގުޅޭނޭގޮތެއް ހަދައެއްނުދިން، ބުނީ މީޓީން ނިންމާފައި ނުކުތީމަ މެސެޖު ފޯރުކޮށްދޭނަމޯ، އައެމް ސޮރީ، އިޒޫ ބުނެފިއްޔާ އަހަރެން އެއޮފީހަށް ހިނގައިދާނަން” ސަމަރު ބުންޏެވެ.

“ޒައުލް ގުޅާތޯ މަޑުކޮށްލާނީ، ސަމަރު، ދޭބަލަ ޑޮކްޓަރާ ވާހަކަދައްކާލަން، ޝަދަފު ގޮވައިގެން ވަގުތުން ފުރިދާނެތޯ، މިކޮޅުގައި އެމީހުން ބޭނުންވާ ހުރިހާ ޓެސްޓުތަކެއް ހެދޭކަށްނެތް، އެހެންވީމަ އަހަންނަށް ވަރަށް ހީވޭ ވަގުތުން ފުރަން ހުއްދަ ދޭނެހެން” ޢިޒްވާ މިހެން ބުނުމާއިއެކު ސަމަރު ބޯޖަހާލާފައި ހިނގައިގަތީ ޢީޒްވާ އެދުނުކަންތައް ކޮށްދިނުމަށެވެ.

“ހެލޯ… މީ ޒައުލް…” މެންދުރުވާން އުޅެނިކޮށް ސަމަރްއަށް އައި ފޯނުކޯލު ނެގިއިރު އޭނާއަށް ގުޅީ ޒައުލްކަން އެނގުމުން ވަގުތުން ހުރިހާ ވާހަކައެއް ކިޔައިދިނެވެ. ޒައުލްއަށް އެއްޗެއް ބުނަން ފުރުޞަތުނުދީ އަވަހަށް ހޮސްޕިޓަލަށް އައުމަށް އެދުނެވެ. ޒައުލް ވެސް މާގިނަ ވާހަކައެއްދައްކާކަށް ނުހެދިއެވެ. އަވަސް އަރުވާލާފައި މިދަނީ ކަމުގައި ބުން ފޯނުކޯލު ކުރުކޮށްލިއެވެ.

ގިނައިރެއް ނުވެ ޢީޒްވާމެންނާ ދިމާލަށް ހަރުކޮށް ހިނގާލާފައި އަންނަ ޒައުލް ފެނުމުން ޢިޒްވާގެ ދެލޮލުން އުންމީދުގެ ކުލަވަރު ފެނިގެންދިޔައެވެ. ހަށިފުރާލީ ނޭވާއާއެކު އުނގުގައި އޮތް ދަރިފުޅަށް ބަލާލާފައި ކައިރީގައި އިން ސަމަރްއަށް ޒައުލް ދައްކާލިއެވެ.

“އޯ މައި ގޯޑް، ކީކޭ ޑޮކްޓަރު ވިދާޅުވީ” ޒައުލް އައިސް ޢިޒްވާގެ ކައިރީ މަޑުކޮށްލަމުން ކަންބޮޑުވެފައި އަހާލިއެވެ. އެއާއިއެކު ޢީޒްވާ ބަލާލީ ސަމަރްއަށެވެ. އޭނާ ލޮލުން އަންގާލަން ބޭނުންވީ އޭނާގެ އުނގުގައި ބޯއަޅާލައިގެން އޮތް މިރާންއަށް މިކަމުގައި އެއްވެސް ވާހަކައެއް އަޑުއިވުމުގެ ކުރިން ޒައުލް ގޮވައިގެން ދުރަށް ޖެހިލުމަށެވެ. އަދި މިރާންއަށް ނީވޭ ހިސާބެއްގައި ހުރިހާ ވާހަކައެއް ޒައުލްއަށް ކިޔާދިނުމަށެވެ. ދެފަރާތަށް ބޯހޫރުވާލި ޒައުލް އިތުރަށް ހާސްވެފައި މިރާންއަށް ބަލާލިއެވެ.

(ނުނިމޭ)

Leave a Comment

Your email address will not be published. Required fields are marked *