ABADHU THIYA LOABI KALAA VAANAN HEY [04]

“ހޫމް، ކަމުދޭ، އެހެންނޫންނަމަ ޝަދަފާއި ވާހަކަދައްކަންވީ ކީއްކުރަން، މިގޮތަށް މިތަނަށް އަންނަންވީ ކީއްކުރަން” ޢިޒްވާއަށް ކުޑަކޮށް ފަހަތަށް ޖެހިލެވުނެއްކަމަކު ޝަދަފަށް ޖަވާބުދިނީ ވަރަށް ފުރިހަމައަށެވެ.

“އަހަރެން ވަރަށް ލޯބިވޭ އިޒޫ ދެކެ، އަހަރެން މަންމަ ގާތު އިޒޫގެ ވާހަކަ ބުނަން ނިންމައިފިން، އެންމެ ރަނގަޅުތަ އަހަރެންގެ ޢާއިލާ މީހުން ގާތު އިޒޫގެ ވާހަކަ ބުންޏަސް” ޝަދަފު އިރުކޮޅަކު ޢިޒްވާގެ މޫނަށް ބަލަން އިނދެފައި ބުންޏެވެ. މިފަހަރު ޢިޒްވާ އާނއެކޭ ބުނުމުގެ ގޮތުން ބޯޖަހާލުން ފިޔަވާ އެއްވެސް އެއްޗެއް އަނގައިން ނުބުންޏެވެ.

“އެހެންވީރު އަހަރެންގެ ގެއަށް ދާން ކެރޭނެތަ” ޝަދަފު އަހާލިއެވެ.

“ނޭނގެ، އަހަރެން ވަރަށް ޖެހިލުންވޭ ތިގެއަށް ދާން” ޢިޒްވާ ބުންޏެވެ.

“އަހަރެންގެ ޢާއިލާ އެންމެން ވެސް ވަރަށް ރަނގަޅުވާނެ، ކިރިޔާ ވެސް ފޮނިގޮތެއް ހުންނާނީ ކޮއްކޮގެ، އެކަމަކު އޭނާއަކީ ވެސް އަޙުލާގު ރަނގަޅު ޒުވާނެއް، އެންމެން ވެސް އަހަރެންދެކެ ވަރަށް ލޯބިވާނެ، އަހަރެންގެ ނިންމުމަކަށް ފާޑެއްކިޔާނޭ މީހަކު ނުހުންނާނެ، އަހަންނާއިއެކު އިޒޫ ދާނީ، އޭރުން ޖެހިލުންވާކަށް ވެސް ނުޖެހޭނެ، އަހަރެން އަބަދުވެސް ހުންނާނަން އިޒޫ އާއިއެކު” ޝަދަފު ވާހަކަދައްކަމުން ޢިޒްވާގެ ފުރަގަހުން ލާފައި ކޮނޑުގައި ހިފަހައްޓާލަމުން ގާތްކޮށްލިއެވެ. އެހިނދު ޝަދަފުގެ އަތުގެތެރެއަށް ވިރިގެންދާފަދައަކުން ޢިޒްވާ ހަށިގަނޑު ދޫވެގެންދިޔައިރު އޭނާގެ ދެލޯވެސް މެރިއްޖެއެވެ.

“އަހަންނަށް ޝަދަފުދެކެ ވަރަށް ބޮޑަށް ލޯބިވެއްވިއްޖެ، އަހަރެން ބިރުގަނޭ އެހާ ލޯބިވާން” ޢިޒްވާ ވައިއަޑުން ކަހަލަ ގޮތަކަށް ބުނެލިއެވެ.

“އެއީ ކީއްވެ، ލޯތްބަށްވުރެ އުފާވެރި އެހެން އިޙުސާސެއް އަހަންނަކަށް މީގެ ކުރިން ނުކުރެވޭ، ދެން ކީއްވެ އިޒޫ ބިރުގަންނަންވީ” ޝަދަފު، ޢިޒްވާގެ ބޮލުގައި ބޯޖައްސާލަމުން އަހާލިއެވެ.

“ލޯތްބާއި ވަކިވާން ޖެހިދާނެތީވެ، އަހަންނާ ޝަދަފް ވަކިވާންޖެހޭ ދުވަހަކީ އަހަރެންގެ މުޅިއުމުރުގައި ވެސް އެންމެ ކަރުނައަޅާނޭ ދުވަސް، ދިރިހުއްޓާ މީހާ ވަޅުލީމާ ދެންވާނީ ކިހިނެއް، އެދުވަހަކުން އަހަރެން ހާލަކީ އެއީކަން ޔަޤީން…” ޢިޒްވާގެ އަޑު ބަންދުވެގެން ދިޔައީ އޭނާގެ ނިތްކުރީގައި ޝަދަފު ބޮސްދިނުމުންނެވެ.

“އެކަހަލަ ވާހަކަ ނުދައްކާ، އަހަރުމެންނަށްވުރެ ބާރުވެރި ފަރާތެއްވޭ، އެފަރާތުން އަހަންނަށް އިޒޫ ހޯދައިދިނީ، އިޒޫދެކެ ލޯބިވުމަށް އިރާދަކުރެއްވީ ވެސް، އަހަރެންގެ ހިތެއް އެއްގޮތަކަށް ވެސް އެއްބަހެއްނުވޭ އަހަންނާ އިޒޫ ވަކިވާންޖެހިދާނެކަމަކަށް، އެހެންވިޔަ އަހަންނެއް ނުދޭނަން، އަހަންނަށް އިތުބާރުކުރޭ” ޝަދަފުގެ އަތުގެތެރޭ ޢިޒްވާ ބާރުކޮށްލަމުން ބުންޏެވެ.

“ޝަދަފުގެ ޢާއިލާ އާއި ބެހޭ އެއްވެސް އެއްޗެއް އަހަންނަކަށް ނޭނގޭ، އަދި އަހަރުމެން ދެމީހުންނަށް އެކަކު އަނެކަކު ރަނގަޅަށް ދަސް ވެސް ނުވެއެންނު” ޢިޒްވާ ދުރަށް ޖެހިލަން ބޭނުންނުވެފައި އިނދެ ވާހަކަދެއްކިއެވެ.

“އަދިވެސް ނޭނގޭތަ، އެހެންވީރު މިކިޔާދެނީ ހުރިހާ ވާހަކައެއް” ޝަދަފު ހީނލާފައި މިހެން ބުނެ އޭނާގެ ޢާއިލާގެ ހުރިހާ ވާހަކައެއް ކިޔައިދީފިއެވެ. ޢާއިލާގެ ތިމާގެ މީހުންނާއި ވިޔަފާރީގެ ގޮތުން ޢާއިލާ އާއި ރަޙުމަތްތެރިކަން އޮންނަ ފަރާތްތަކަށް ދާންދެނެވެ. އޭގެ އިތުރުން އޭނާގެ ޚާއްޞަ ރަޙުމަތްތެރިންގެ ވާހަކަތައް ވެސް ޝަދަފު، ޢިޒްވާއަށް ކިޔައިދިނެވެ.

“އެންމެނާ އަދި ބައްދަލު ވެސް ކޮށްދޭނަން، ދެން އިޒޫގެ ވާހަކަ ކިޔައިދީބަލަ، އަހަންނަށް ފެންނަނީ އިޒޫގެ މަންމަ އެކަނި، ބައްޕަ ކޮބާ، އެކަމަކު އިހަށް ހިނގާ ކާންދަމާ ދޯ، އަހަރެން މިކޮޅުން ޑިނާ އެއްވެސް ތައްޔާރުކުރިން، އެތާތިބެ ވާހަކަ ކުރިއަށް ގެންދެވިދާނެ އެންނު ދޯ” ޝަދަފުގެ ހުރިހާ ވާހަކައެއް ކިޔައިދީ ނިންމާފައި އަހާލިއެވެ. ޢިޒްވާ ބޯޖަހާލުމުން ޝަދަފު ތެދުވިއެވެ. ރަތްވިލާތަކުގެ ތެރެއިން އިރުގެ އެންމެ ފަހު ދޯދިތައް ކަނޑުގެ ސަތަހައިގެތެރެއަށް އޮއްސި ގެއްލެމުންދަނިކޮށް ޝަދަފު ކުއްލިއަކަށް ޢިޒްވާގެނެސް މޭގައި ޖައްސާލަމުން އަތުގައި އޮތް ފޯނުން ފޮޓޮއެއްނެގިއެވެ.

“މީ އަހަރެންގެ ހަނދާނަކަށް، ކޮންމެ ރެއަކު މިފޮޓޮއަށް ބަލައިގެން އޮވެ ނިދާނީ” ޝަދަފު ހީނލާފައި މިހެންބުނެ އެތަނުން ދާން ތައްޔާރުވެލިއެވެ. އޭރު ޢިޒްވާ ވެސް ހުރީ ދަތްތައް ފެންނަވަރަށް ހެވިލާފައެވެ. ޝަދަފުގެ އެފަދަ ކުއްލި ހަރަކާތްތަކުން ޢިޒްވާއަށް މަޖާވެ ހިތުގައި ލޯބި އުތުރިގަނެއެވެ. ލަދުވެތިކަމެއްނެތި ޝަދަފުގެ އަތުގައި ހިފާލައިގެން އައިސް ޢިޒްވާ ކާރަށް އަރާ އިށީނެވެ.

ދުއްވަމުންދިޔަ ކާރު މިފަހަރު މަޑުކޮށްލީ ޒައުލްގެ ޢާއިލީ ކުންފުނިން އަޅާފައި ހުރި ބޮޑު ލަގްޒަރިއަސް ހޮޓަލްގެ ޕާކިން ޞަރަހައްދުގެ ތެރެއަށެވެ. ތަނުގެ ހައިބަތުފެނި ޢިޒްވާ ފިނިވާގޮތްވިއެވެ. މީގެ ކުރިން އެފަދަ ތަނަކަށް އޭނާ ނުވަދެއެވެ. އެހެންވެ އުޅެންވީގޮތެއް ބުނަންވީ ކީކޭކަމެއް ނޭނގެއެވެ. މީހަކު އައިސް ކާރުގެ ދޮރުފަތް ހުޅުވާލުމާއިއެކު ޝަދަފު ފައިބައިފިއެވެ. އަދި ޢިޒްވާ އިންފަރާތުގެ ދޮރުފަތް ހުޅުވާލަން އެމީހާ އުޅުމުން އެކަން ޝަދަފު ހުއްޓުވިއެވެ. އެދޮރު ހުޅުވީ ޝަދަފު އަމިއްލައަށެވެ. އަދި ލޯތްބާއިއެކު ޢިޒްވާގެ އަތުގައި ހިފާލައިގެން ހޮޓެލްގެ ލޮބީއިން ވަދެގެން ލިފްޓާއި ދިމާލަށް ދިޔައެވެ.

“މީ ކޮން ރޫމެއް” ޝަދަފު އައިސް ކޮޓަރިއެއްގެ ދޮރު ހުޅުވާލުމުން ޢިޒްވާ އެތެރެއަށް ނުވަދެ މަޑުކޮށްލަމުން އަހާލިއެވެ.

“ހިނގާބަލަ، އޭރުން އެނގިދާނެ އެންނު، އަހަރެން އިޒޫއަށް އެއްޗެއް ދޭންވެގެންނޭ” ޝަދަފު ބުނިއެއްޗަކުން ޢިޒްވާގެ ހިތް ބާރަށް ތެޅެންފެށިއެވެ. ކުއްލިއަކަށް ސަމަރްގެ މަތިން ހަނދާންވިއެވެ. ގޯސް ޢަމަލެއް ހިންގުމަށް ޝަދަފު އޭނައަށް ގޮވާލަފާނެބާއޭ ޢިޒްވާގެ ހިތުގައި ސުވާލުއުފެދުނެވެ.

“ޕްލީޒް، އެތެރެއަށް އާދެބަލަ، އަހަރެން ކަމެއްކޮށްފާނެތީތަ، އިޒޫ، އަހަންނަކީ އެކަހަލަ މީހެއްކަމައްތަ ހީކުރަނީ، އަހަރެން މިހިރީ ދުރުގައި، އިޒޫ އާއި ގާތެއްނުވާނަން، އޯކޭތަ” ޝަދަފު ދެއަތްމައްޗަށް އުފުލާލަމުން ކޮޓަރީގެ އެއްފަރާތަކަށް ޖެހިލިއެވެ. ފުންނޭވާއެއް ބޭރުކޮށްލަމުން ޢިޒްވާ ކޮޓަރިއަށް ވަންއިރު އެނދުމަތީ އޮތީ ޕާރުސަލެކެވެ. ޝަދަފު އިޝާރަތްކޮށްލީ އޭތި ނެގުމަށެވެ. މަޑުމަޑުން ޢިޒްވާ އެފޮށިގަނޑު ހުޅުވާލިއެވެ. އޭގައި އޮތީ ވަރަށް ރީތި ހެދުމެކެވެ. ވަގުތުން ޢިޒްވާއަށް ހިނިތުންވެލެވުނެވެ.

“މީ ކޮން ހެދުމެއް” ޢިޒްވާ، ޝަދަފާއި ދިމާލަށް އެނބުރިލަމުން ހައިރާންވެފައި އަހާލިއެވެ.

“އަހަރެންގެ ލޯބިވާއަށް، ރީތިތަ” ޝަދަފު ހިނިއައިސްފައި ހުރެ ބޮލުގައި އަތްފުނާ އަޅާލަމުން ބުންޏެވެ.

“ވަރަށް ރީތި، އެކަމަކު ކިހިނެއް ޝަދަފަށް އެނގުނީ އަހަންނަށް ހެޔޮވަރުވާނޭކަން” ޢިޒްވާ އަޖައިބުވެފައި ހުރިފަދަ ގޮތަކަށް ޝަދަފަށް ނަޒަރުހުއްޓާލައިގެން ހުރެ ބުންޏެވެ.

“މިރޭގެ ޑިނާގައި އަހަރެން ބޭނުންވަނީ އިޒޫ މިހެދުމުގައި ހުންނަން، މިހާދުވަހު އެކުގައި ހިނގާއިރު އަހަންނަށް ވެސް ކަންކަން ފާހަގަކުރެވޭނެ އެންނު، މިކަމުގައި އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދިނީ ނަވާ، އޭނާ ވަރަށް މޮޅު އަންހެން ކުދިންގެ އެއްޗެހި ހޯދަން، އަހަރެން ވެސް ހައިރާންވި އޭނާ ގޮވައިގެން ޝޮޕިންގަ އުޅުނުއިރު، އެކަމަކު މިހާރު އެނގިއްޖެ އަންހެން ކުދިން ޝޮޕިންކުރަން އެހާ ވަރުހުންނަނީ ކީއްވެކަން” ޝަދަފު އެހުރިހާ ވާހަކައެއް ދެއްކިއިރު ވެސް ހުރިފިޔަވަޅުމަތިން ގުޑިއެއްނުލިއެވެ. ޢިޒްވާ އުފަލުން ހުރެ އެއްފަހަރު ހެދުމަށް އަނެއްފަހަރު ޝަދަފަށް ބަލަމުން ދިޔައެވެ. ފޮށީގައި އޮތް ހެދުން ނަގައި ފަތުރާލަމުން ގައިގާ ޖައްސާލިއެވެ. މަޑުމަޑު ފިޔާތޮށިކުލައިގެ ތުނިފޮއްޗަކުން ފަހާފައި އޮތް ދިގުހެދުމެކެވެ. ފޮތީގައި ރޫތަކެއް ޖައްސާފައިހުރި މަޑުމަޑު ރީނދޫކުލައަކާއި ފެހިކުލައެއްގެ ފަތްތަކެއް ފެންނަން ހުއްޓެވެ. ގައިގާ ހެދުން ޖައްސާލައިގެން ހުރެ ޝަދަފަށް ދައްކާލީ އޭނާ ބުނާ އެއްޗެއް އެނގެން ބޭނުންވެގެންނެވެ.

“އަދި ނިމުނީއެއް ނޫން، ޑްރެސިންގ ޓޭބަލްމަތީ ހުރި ކޮތަޅު ބަލާލަބަލަ” ޝަދަފު މިހެން ބުނުމާއިއެކު ޢިޒްވާ އަވަސްވެގަތީ އެކޮތަޅު ބެލުމަށެވެ.

“ވާއު… ވަރަށް ރީތި” ޢިޒްވާ ކޮތަޅުގައި އޮތް ބޫޓު ނަގަމުން ބުންޏެވެ. އޭގައި އޮތީ ސްކިން ފިންކު ކުލައިގެ ޕީޕްޓޯ ބޫޓެކެވެ. ކުޑަކުޑަ ފުންނާބުކޮޅެއް ލާފައި ހުރުމުން އުދަނގުލެއްނެތި ހިނގޭނެކަން ޢިޒްވާއަށް އެނގުނެވެ. ކާޕެޓުމަތީ ބޫޓު ބަހައްޓާލުމާއިއެކު އެއަށް ފައިހެޔޮވަރުކޮށްލިއެވެ.

“ޝަދަފްއަށް އަހަރެންގެ ފައިގެ ސައިޒު ވެސް އެނގުނީތަ” ޢިޒްވާ ދެލޯބޮޑުކޮށްލަމުން ޝަދަފަށް ބަލާލިއެވެ.

“އެއީ ސިއްރެއް” ޝަދަފު ފޮނިވެލާފަދަ ގޮތަކަށް ބުންޏެވެ.

“ވަރަށް ރީތި، ވަރަށް ކަމުދޭ، ތެންކިޔު ވަރަށް ބޮޑަށް، އެކަމަކު ޝަދަފު ތިގޮތަށް އަހަންނަށް ޚަރަދު ކުރާކަށް އަދި ނުވޭ” ޢިޒްވާ އައިސް އެނދުގައި އިށީނެވެ.

“މީ އަހަރެން ދޭހިތުން ދޭ ހަދިޔާއެއް، ނޫނެކޭ ނުބުނޭ، ޕްލީޒް، އިޒޫއަށް ތިހެން ހީވިޔަސް އަހަންނަށް ފީލްވަނީ ތިގޮތަކަށް ނޫން، ދެން އެވާހަކަނުދައްކާ ތައްޔާރުވެލަންވީނު، އަހަރެން މިހިރީ ބޭރު ވެއިޓިން އެރީއާގައި، އިޒޫ ނިންމާފައި އަހަންނަށް ގުޅާ” ޝަދަފު މިހެން ބުނެ ކޮޓަރިން ނުކުންނަން ހިނގައިގަތެވެ. އިތުރަށް އޭނާދިން އެއްޗިއްސާއިމެދު ޢިޒްވާ އެއްޗެއް ބުނަން ފުރުޞަތު ނުދޭން އުޅޭފަދަ ގޮތަކަށެވެ.

“ޝަދަފު، އަހަރެން މިހެދުން ލައިގެން ދާއިރު، ޝަދަފު ދަނީ ތިހެން ހުރެގެންތަ، އެހެންވީރު ނުކެރޭނެ މިހެދުންލާކަށް” ކުއްލިއަކަށް ޝަދަފަށް ގޮވާލާފައި ޢިޒްވާ ބުންޏެވެ. އެއާއިއެކު ލުއިގޮތަކަށް ހީނލަމުން ޝަދަފު އޭނާގެ އެއްޗެހިވީ އިސްތިރިކުރަން ގެންގޮސްފައިކަމުގައި ބުންޏެވެ. އިރުކޮޅަކުން ގެނެސްދޭނޭކަމެވެ. އޭނާ ނުކުމެގެން ދަމުން ކޮޓަރީގެ ދޮރު ލައްޕާލަދިނެވެ.

މަޑުކޮށްލުމަށް ހަދާފައިވާ ތަނުގައި ހުރި ކުޑަދޮރެއްގެ ކައިރީ ޝަދަފު މަޑުކޮށްލައިގެން ހުއްޓާ ޢިޒްވާ ގުޅާލިއެވެ. އެއާއިއެކު އަވަސް އަވަހަށް ޝަދަފު ދުރުގައި ފިޔަވަޅުއަޅާލަމުން އައިސް އޭނާ ހިފާފައިހުރި ކޮޓަރިއަށް ވަނެވެ. ހުއްޓުން އެރީ ފުރަގަސްދީގެން ލޯގަނޑު ކުރިމަތީ ހުރި ޢިޒްވާ ފެނިފައެވެ. އޭނާގެ ޚިޔާލަށް ގެނެވުނު ވަރަށްވުރެވެސް ޢިޒްވާ އެހެދުމުގައި ފުރިހަމަވެފައި ރީއްޗެވެ. މަޑުމަޑުން އައިސް ޢިޒްވާގެ ފުރަގަހުން ހުއްޓި ލޯގަނޑުން ޢިޒްވާއަށް ބަލާލިއެވެ. މޭކަޕެއްނުކޮށް ހުންނައިރު ވެސް އެތުންފަތަށް ވެރިވެފައިވާ މަޑުމަޑުފިޔާތޮށިކުލަ އާއި ކޯތާފަތުގައި ހުންނަ މަޑުރަތްކުލައިން އެމޫނުމަތި ފަޅުފިލުވައިދެއެވެ. ޝަދަފު ލޯބިވެތިގޮތަކަށް ޢިޒްވާގެ ޢިޒްވާގެ އިސްތަށިގަނޑު އެއްފަރާތްކޮށްލަމުން ކަނދުރާގައި ބޮސްދިނެވެ.

“ޝަދަފު” ޢިޒްވާއަށް މަޑުމަޑުން ޝަދަފުގެ ނަންކިޔާލެވުނެވެ.

“ސޮރީ، ހަމަ ދުރުގައި ނުހުރެވުނީ، މިހާރު އަހަންނަށް ކުރަން އެންމެ އުނދަގޫކަމަކީ އިޒޫ އާއި ދުރުގައި ހުރުން، ފެންނަ ކޮންމެ ވަގުތަކު ހިތަށް އަރާ ގެނެސް އަތުގެތެރެއަށް ލެވޭނެނަމައޭ، ނަސީބެއްކަންނޭނގެ އިޒޫ އަހަރެން ހިފަހައްޓާކަން، އެހެންނޫނީ އިން ފަހަނައަޅައިދާއިރު ވެސް އަހަންނަށް ރިއަލައިޒްނުވާނެކަން ޔަޤީން، އަހަންނަށް އެނގޭ އިޒޫއަށް ކޮންމެ ކޮންމެ ގޮތެއް ކަމަކު ނުދާނެކަން، ހުރިހާ އަންހެން ކުދިންގެ ތެރެއިން އިޒޫ ޚާއްޞަވީ ވެސް އެހެންވެ، ކޮންމެ ފިރިހެނަކަށް ތިހިތް ހޯދުމަކީ ފަސޭހަކަމަކަށް ނުވާނޭތީވެ” ޝަދަފު ލޯގަނޑުން ޢިޒްވާގެ ރަކިވެފައިހުރި މޫނަށް ބަލަމުންދިޔައެވެ.

“މިރޭ އިޒޫ ވަކިން ރީތި، ރެސްޓޯރެންޓުގައި މީހުން މިރޭ މަދުވުން އަހަރެންގެ އެދުމަކީ، ބޭނުމެއްނޫން ގިނަބައެއް އިޒޫ އާއި ދިމާލަށް ބަލާކަށް” ޝަދަފު، ޢިޒްވާގެ ދަތްދޮޅީގައި ހިފާ ލޯގަނޑާއި ދިމާލަށް އުފުލާލިއެވެ.

“ތިހާވަރަށް ތަޢުރީފު ނުކޮށްބަލަ، ދެން ދޭ ރީތިވާން، އަހަރެން ބޭރަށް ނުކުންނަންތަ” ޢިޒްވާގެ ދަތްދޮޅިން ޝަދަފުގެ އަތްނައްޓުވާލަމުން އޭނާ އާއި ދުރަށް ޖެހިލާފައި ބުންޏެވެ.

“އިޒޫ މިތާ މަޑުކުރޭ، އަހަރެން ނޫން އެހެންމީހަކު މިރޭ އިޒޫ އާއި ވާހަކަދައްކާކަށް ވެސް އަހަރެން ބޭނުމެއްނޫން، ރޫމުން ބޭރަށް ނުކުންނަނިކޮށް މީހުންގެ ސަމާލުކަން އިޒޫއަށް ހުއްޓިދާނެ” ޝަދަފު ލޯހިމަކޮށްލާފައި މިހެން ބުނެލީ އަމިއްލަ އެދުމުން ފުރިފައިވާ މީހަކު ފަދައިންނެވެ. ޢިޒްވާ ލުއިގޮތަކަށް ހީނލާފައި އައިސް އެނދުގެ އަރިމަތީ އިށީނެވެ. ފިރިހެނެއްގެ ހުރިހާ ސަމާލުކަން ތިމާއަށް ލިބުމަށް ނޭދޭނީ ކޮން އަންހެން ކުއްޖެއް ހެއްޔެވެ. އެވެސް ތިމާ ލޯބިވާ މީހާގެ ފަރާތުންނެވެ.

ގިނައިރެއްނުވެ ހޮޓެލްގެ ސްޓާފަކު އައިސް ޝަދަފުގެ ގަމީހާއި ފަޓުލޫނު ދިއްކޮށްލިއެވެ. ޝަދަފު ފާޚާނާއަށް ވަދެ މޫނު ދޮވެލައިގެން ނުކުމެ ރީތިވާ މޭޒުކުރިމަތީ ހުރެ އޭނާގެ ފަންއިސްތަށިގަނޑު ހަމައަކަށް އެޅުވޭތޯ އުޅުނެވެ. މޭޒުމަތީ ހުރި ކުޑަދަބަހުގެ ތެރެއިން ފުޅިއެއް ނަގާ އަތާދިމާކޮށް ފިތާލުމާއިއެކު އޭގެން ފޭބި ޖެލްތައް އިސްތަށިތަކުގައި ހާކާލިއެވެ. ޝަދަފުގެ ހަރަކާތްތަކަށް ޝައުގުވެރިކަމާއިއެކު ބަލަން ޢިޒްވާ އިނެވެ. ބަހެއް ވެސް ނުބުނެއެވެ. ދޭތެރެއަކުން ލޯގަނޑުން ޢިޒްވާ އާއި ދިމާލަށް ޝަދަފު ބަލާލައެވެ. ޢިޒްވާ އިސްދަށަށް ޖަހާލީ ޝަދަފު ބަހެއް ވެސް ބުނެނުލާ ހުރެފައި ކުއްލިއަކަށް ލައިގެން ހުރި ކޮނޑުކެނޑި ބޭލުމުންނެވެ. ކަސްރަތުކުރަން ދާކަމުގެ ހެކިތައް އެހަށިގަނޑުން ފާޅުވެއެވެ. ގަދަ ފެހި ކުލައިގެ ގަމީހާއި ކަޅު ފަޓުލޫނުގައި ޝަދަފުގެ ރީތިކަން ވަކިން ފާހަގަކުރެވޭހާވެއެވެ. އިސްތަށިގަނޑު ފަހަތަށް ވާގޮތަށް ތަތްކޮށްލަފައި ހުރުމުން މުޅިމީހާ ފެންނައިރު ހުވަފެނީ ގޮތެއް ހުއްޓެވެ.

“ލެޓްސް ގޯ ލަވް” މަޑުމަޑުން އައިސް ޢިޒްވާއަށް އެއްއަތްދިއްކޮށްލަމުން ޝަދަފު ބުންޏެވެ.

ޝަދަފު ބޭނުންވި ގޮތަށް ރެސްޓޯރެންޓުގައި މާގިނަ ބަޔަކު އެވަގުތަކު ނެތެވެ. ތިބިމީހުންގެ ތެރެއިން ގިނައީ ވެސް ރާއްޖޭން ބޭރުގެ މީހުންނެވެ. ޝަދަފު ރެސްޓޯރަންޓަށް ވަދެގެން މޭޒުތަކާއި ހަމައަށް ނުދެވެނިސް ޔުނީފޯމެއްގައި ހުރި އަންހެން ކުއްޖަކު ފަރިގޮތަކަށް ދުވެލާފައި އައިސް އެމީހުންނާއި އެއްވަރުކުރިއެވެ.

“ސަރ، ދިސްވޭ، ވީ އަރ ވެއިޓިންގ ފޯ ޔޫ” އެވަގުތު ހޮޓެލްގެ ރެސްޓޯރެންޓުގައި ސީނިއަރ އެސިސްޓެން މެނޭޖަރުކަން އަންގައިދޭ ނޭމްޓެގުކޮޅެއް ޔުނީފޯމުގައި ޖަހާފައިހުރި ބޭރު އަންހެން ކުއްޖާ ޝަދަފާއި މުހާތަބުކޮށް ވާހަކަދެއްކިއެވެ. އަދި ޝަދަފުމެން ތިބުމަށް ހަމަޖެހިފައިވާ މޭޒުގެ ދޮށަށް އެމީހުންނަށް މަގުދައްކާދިނުމުގެ ގޮތުން އިޝާރާތްކުރަމުން އައެވެ. އެ ސްޓާފުގެ އަޑުގައި ހުރި ހިތްހެޔޮ ކަމާއި ރަޙުމަތްތެރިކަމުގެ އިތުރުން އެމޫނުމަތީގައިވާ ހިނިތުންވުމުން ކޮންމެވެސް ވަރަކަށް ހާސްވެފައި ހުރި ޢިޒްވާއަށް ހަމަޖެހުން ލިބިގެންދިޔައެވެ.

ރެސްޓޯރެންޓުގެ މޭޒުގެ ދޮށުގައި ހަމަޖެހިލެވުމާއިއެކު އޯޑަރ ދިނީ ވެސް ޝަދަފެވެ. ޢިޒްވާއަށް އެއްވެސް ކަމެއް ކުރާކަށް ނުޖެހުނެވެ. ވެއިޓަރު ދިއުމާއިއެކު ޝަދަފު އޭނާ އާއި ވާހަކަދައްކަން ފެށިއެވެ.

“އަހަންނަށް ވަރަށް މީރު ޑިޝްއެއް އިޒޫއަށް މިގެންނަންނީ، މީރިއްޔާ ބުނައްޗޭ، އިޓްސް މައި ފޭވަރިޓް” ޝަދަފު ހިނިތުންވެލައިގެން އިނދެ ބުންޏެވެ.

“ހާދަ ތައްޔާރުވެފައޭ ތިހުރީ، މިތަނުން އެކައްޗެއް ވެސް އަގުހެވެއްނުވާނެކަން އެނގޭ، އެހެންވިޔަސް ޝަދަފަށް އެފޯޑު ނުކުރެވޭނެ އެއްވެސް އެއްޗެއް މިތަނުގައި ހުންނާނެ ހެނެއް ހިޔެއްނުވޭ” ޢިޒްވާ މިހެން ބުނެ ހީނލިއެވެ.

“އަގުގެ ވާހަކަ ނުދައްކަމާ، އަހަރެން ބޭނުމެއްނޫން އިޒޫ ތިގޮތަށް ވިސްނާކަށް، ފަރަޤުތަކެއް ހުރިކަން އަންގާކަށް ނޫން އަހަރެން މިއުޅެނީ، ސޯ ޕްލީޒް، ދެން އަހަރެން ކަމެއްކޮށްދިނަސް އަގުގެ ވާހަކަ ނުގެންނައްޗޭ، އިޒޫދެކެ އަހަރެން ވާލޯތްބާއި އަޅާކިޔާއިރު މިއިން އެއްވެސް ކަމަކީ އަހަންނަށް ބޮޑުއެއްޗެއް ނޫން، ހޫމް! ދެން ބުނެބަލަ، އިޒޫގެ އަސްލު ފެމެލީ ކޮބާތަ؟، އެމީހުން އަހަރެން ބަލައިގަންނާނެތަ، އިޒޫ މަންމައަށް އަހަރެން ކަމުދާނެތަ، ވަރަށް ހިތަށްއަރާ އެހެން” ޝަދަފު މޭޒުމަތީ ބައްވާލާފައި އޮތް ޢިޒްވާގެ އަތްތިލައިގެ އިނގިލިތަކާއި ކުޅެމުން އަހާލިއެވެ.

“އަހަރެންގެ ޢާއިލާއަކީ އަހަރެންގެ މަންމަ އާއި ބައްޕަ، އެކަމަކު ބައްޕަ މިހާރު ދުނިޔެއަކު ނެތް، އަހަރެންގެ އުމުރުން ދިހަ އަހަރުގައި ކަހަލަ ގޮތަކަށް ބައްޕަ ނިޔާވީ، ބައްޕައަކީ ކެޔޮޅެއް، މަންމަ ބުނާތީ އަހަން ޢާއިލާގައި އޮތް ދެއޮޑިއަކީ ވެސް ބައްޕަގެ މަސައްކަތުން ބަން ދެއޮޑިއޭ، ކަންނެލީގެ މަސްވެރިކަން ފަހުން ބައްޕަ ކުރަމުން އައީ، ނިޔާވީ ކިހިނެއްކަމެއް އަހަންނަކަށް ނޭނގޭ، މަންމަ އެހާ ބޮޑަކަށް އެވާހަކައެއް ނުދައްކާނެ، އަހަންނަށް ވެސް ނުކެރޭ މަންމަ ގާތު ބައްޕަ އާއި ބެހޭ ވާހަކަތަކެއް ދައްކާކަށް، އަހަރެން ބައްޕަ މަތިން ހަނދާންވާއިރު އަދި މަންމަ ކިހާ ހަނދާންވާނެ ބައްޕަގެ މަތިން، އަނެއްކާ މަންމައަކީ ބަލިމީހެއް، ފުއްޕާމޭ ހަލާކުވަމުން ދަނީ، އަހަރެން ކުރިން އުޅުނީ ރަށުގައި، މަންމަގެ ބަލިހާލު ހުރިގޮތުން އިރުއިރުކޮޅާ މާލެ އަންނަންޖެހޭ، އެހެންވެ މާލެ ބަދަލުވެގެން މިއުޅެނީ، ރަށު ސުކޫލުގެ ވަޒީފައި އުޅެފައި މާލެ އައިސް މިހާރު މިއުޅޭ އޮފީހުގެ އިދާރީ މުވައްޒަފެއްގެ ގޮތުގައި ޖޮއިންކުރީ، އެއްގޮތަކުން ރަނގަޅު، ރަށުން ލިބޭ އާމްދަނީއަށްވުރެ މިކޮޅުގައި އޮފީހުން ދޭ އެއްޗެއް ތަންކޮޅެއް ގިނަ، އެކަމަކު ގޭގެ ކުއްޔަށް ކަނޑާފައި ދެން ނޯވޭ މާބޮޑު އެއްޗެއް، މަންމަގެ ހުރިހާ ޚަރަދެއް ބަލަހައްޓަމުން މިދަނީ އަހަރެން، ރާއްޖޭން ބޭރަށް ގެންދެވޭތޯ މަސައްކަތް މިކުރަނީ، ހައްތަހާވެސް ފައިސާގެ ދަތިކަން ހުރިގޮތުން ނުފުރިފައި މިހުންނަނީ، މިހެންބުންޏަސް އިރާދަކުރެއްވިއްޔާ ދެން މާގިނަދުވަހެއް ނުވާނެހެން ހީވަނީ، ފުދޭވަރަކަށް ފައިސާއެއްވެފައި މިހާރު ހުންނާނެ…. އަސްލު އަހަރެންގެ ހުރިހާ ވެސް މީހަކީ މަންމަ، އަހަރެން ދިރިއުޅުމެއް ފެށިނަމަވެސް އަހަރެން ގަސްދެއް ނުކުރަން އެއްގޮތަކަށް ވެސް މަންމަ އާއި ވަކިވާކަށް، އެއީ މަންމަގެ ވެސް އަހަރެން ނޫނީ އިތުރު ދަރިއަކު ދުނިޔޭގައި ނެތީމައި” ޢިޒްވާ ފުންނޭވާއެއް ބޭރުކޮށްލިއެވެ. ސިކުނޑީގައި އުފެދިފައިވާ އުދާސްތައް ބޭރުކޮށްލާފަދަ ގޮތަކަށެވެ.

“އިޒޫމެންގެ ތިމާގެ މީހުން ވެސް ނުތިބެނީތަ، އަހަންނަށް އެނގިފައި އޮތްގޮތުގައި ރާއްޖެތެރޭގައި ޢާއިލާތައް ބޮޑުވަނީ އެހެންވެ، ތިމާގެ މީހުން ގިނަވެފައި އެމީހުންނަކީ ވެސް ޢާއިލާގެ ބައެއްކަމުގައި ދެކިގެން އުޅޭތީވެ، އަނެއްކާ އެއްބަޔަކު އަނެއްބަޔަކަށް ވަރަށް އެހީތެރިވާނެ އެންނު” ޝަދަފު ބުންޏެވެ.

“ތިގޮތަށް ބުނަންޏާ ޢާއިލާ ކުޑައެއްނޫން، ބޮޑުބޭބެ އެއްވެސް އެބަހުރި، އަދި ތިމާގެ އެހެން މީހުން ވެސް އެބަތިބި، އެކަމަކު އެމީހުން އެހީތެރިވެދިނިއްޔާ ތާ އެހީތެރިކަމެއް ލިބޭނީ، ކިހިނެއް އަބަދު އާދޭސްކުރާނީ، އެމީހުން އަބަދު މަންމަ އާއި ދިމާލަށް ކިޔާނީ އަހަރެންގެ ކައިވެނި ކުރުވާށޭ އޭރުން މިހާލުގައި އުޅޭކަށް ނުޖެހޭނެޔޭ، އެކަމަކު މަންމައަކީ އެކަހަލަ ވިސްނުމެއް ގެންގުޅޭ މީހެއްނޫން، އަހަންނަށް އެއްވެސް ކަމެއް މަޖުބޫރެއް ނުކުރާނެ، އަހަރެން ބުނިން، އަހަރެން ކޮންމެ ހާލެއްގައި ވިޔަސް މަންމަ ބަލާނަމޭ، އަހަންނަށް ދުވަހަކު ވެސް މަންމަ ބުރައަކަށް ނުވާނެޔޭ، ޝަދަފު، މައިންބަފައިން އެމީހުން އަހަރުމެން ބޮޑެތިކުރަނީ ކިހާ ފޮނި އުންމީދަކާއިއެކު، ނޫންތަ، ދެން އެމީހުން ހާލުގައި ޖެހޭ ވަގުތު އަހަރުމެން ނޫނީ ކޮންބައެއް ތިބޭނީ އަޅާލާން، އަހަރެންގެ މަންމައަކީ އަހަރެންގެ ނިންމުންތަކަށް އެއްބާރުލުންދީ ހިތްވަރުދޭ ފަރާތް، ރަނގަޅު ތަރުބިއްޔަތެއް ލިބުނިއްޔާ ލިބިފައިވަނީ އެމަންމަގެ ފަރާތުން، މަންމަ އެހާ ސަޕޯޓިވްވީމަ އަހަންނަށް ވެސް މިހެން މިއުޅެވެނީ، ފައިސާ ލިބޭނޭ މަގަކަށް އޮތީ ބައްޕަގެ ދެއޮޑި، އެކަމަކު މިހާރު އެއީ ބައްޕަގެ ބާރު ހިނގާ އެއްޗެއް ނޫން، އެހެންވީމަ އަހަންނަށް ލިބޭ އާމްދަނީގެ އިތުރުން ލޯލާރިއެއްހާ ހިސާބު ވެސް ދިއްކޮށްލާނޭ އެހެންފަރާތެއް ނެތް” ޢިޒްވާގެ މުނޫމަތިން މާޔޫސްކަން ފެނިގެން ދިޔައެވެ. އޭނާގެ ވާހަކަތައް ހުއްޓުމަކަށް އައުމުން ޝަދަފު، ޢިޒްވާގެ އަތުގައި ހިފާ ބާރުކޮށްލިއެވެ.

“ލައިފް އާއިމެދު އެހާ ބޮޑަށް ނުވިސްނާ، އިރާދަކުރެއްވިއްޔާ ހުރިހާ ކަމެއްވެސް ރަނގަޅުވާނެ، ބައެއް ފަހަރު ދުނިޔެއަކީ ބައެއްމީހުންނަށް ވަރަށް ނާއިންސާފުތަނެއް، އެފަދަ ވަގުތުތަކުގައި ކެތްތެރިވުން އޮތީ، އަބަދުވެސް ހަނދާންކުރައްޗޭ އަހަރެން އިޒޫދެކެ ވަރަށް ލޯބިވާކަން، އައި ރިއަލީ ލަވް ޔޫ….” ޝަދަފުގެ ވާހަކައިން ޢިޒްވާއަށް ހިތްވަރުލިބިގެން ދިޔައެވެ. އަދި އޭނާގެ ދިރިއުޅުމަށް ޝަދަފު ގެނަން ބޭނުންވާ ސަބަބު ސާފުވެގެން ދިޔަ ފަދައެވެ.

“އަހަރެން އިޒޫ މަންމަ އާއި މީޓުކޮށްލާ ހިތްވޭ، އައި މީން، ތިގެއަށް ދިޔަޔަސް އެންމެ ރަނގަޅުތަ” ޝަދަފު ބުނިއެއްޗަކުން ޢިޒްވާ ދެލޯ ބޮޑުކޮށްލިއެވެ.

“ނޫން! ނޫން! އަދިއެއްނޫން، މަންމަ ގާތު އަހަރެން ޝަދަފުގެ ވާހަކަ ބުނަންދެން އިހަށް މަޑުކޮށްލާ، މަންމައަށް އަދި ނޭނގޭނެ އަހަރެން ކުއްޖަކާ ރައްޓެހިވެގެން އުޅޭކަމެއް” ޢިޒްވާ ބުންޏެވެ.

“އެކަމަކު ދެން އިތުރަށް ސިއްރުކުރަންވީ ކީއްކުރަން، ހަމަ މިރޭ އަހަރެން އިޒޫގެ ވާހަކަ ޢާއިލާ މީހުން ގާތު ދައްކާނަން” ޝަދަފުގެ ވާހަކަތަކުން އޭނާ ޢިޒްވާ ގެއްލެން ބޭނުންނުވާކަން ހާމަވެއެވެ. އަދި އެދެމެދުގައި އޮތް ގުޅުމަކީ ހަރުދަނާ ގުޅުމެއްކަން ވެސް ޢިޒްވާއަށް ވިސްނުނެވެ.

ދެޒުވާނުން ވާހަކައިގައި ތިއްބައި ކާއެއްޗެހި ގެނެސް މޭޒުމަތީ އަތުރާލިއެވެ. ޝަދަފުގެ ހޮވުން ވަރަށް ރަނގަޅެވެ. ގެނައި އެއްޗެހި ޢިޒްވާއަށް ހުސްނުކުރެވުނު ނަމަވެސް އޭނާއަށް ވަރަށް ކަމުދިޔައެވެ. ޝަދަފަށް އެކަމުގެ ތަޢުރީފު ލިބިގެންދިޔައެވެ. އެކަމާ ޝަދަފު އިނީ ނުހަނު އުފާވެ ފޮނިވެފައެވެ. އޭނާ މަޑުމަޑުން ފަޓުލޫނު ޖީބުގައި އަތްޖައްސާލިއެވެ. އަދި ހެވިލާފައި ޢިޒްވާއަށް ބަލާލިއެވެ. ހީވަނީ އޭނާގެ ސިކުނޑީގައި ކަމެއް ފޮރުވާލައިގެން އިންހެނެވެ. ބިލަށް ފައިސާ ދެއްކުމަށްފަހު ޝަދަފު މޭޒުދޮށުން ތެދުވެ ޢިޒްވާ އިށީނދެގެން އިން ގޮނޑި ފަހަތަށް ޖައްސާލަދިނެވެ. އަދި ޢިޒްވާ އާއިއެކު އެތަނުން ނުކުންނަން ހިނގައިގަންނަމުން ޢިޒްވާގެ އުނަގަނޑުގައި ފުރަގަހުން ހިފަހައްޓާލިއެވެ.

“ދެން ގެއަށްތަ ދަނީ” ޢިޒްވާ އޭނާގެ އަތުގައި އޮތް ފޯނުން ގަޑި ބަލާލުމާއިއެކު އަހާލިއެވެ. އޭރު އަދި ގަޑިން ހަތްގަޑި ބައިވާން އުޅެނީއެވެ.

“މިރޭ މީ ވަރަށް ޚާއްޞަ ރެއެއް، އަދި އެހާ އަވަހަށް ގެއަކަށް ނުގެންދާނަން، މިހާރު މިދަނީ ޓެރެސްއަށް” ޝަދަފު މިހެން ބުނެ ޢިޒްވާ އާއިއެކު ހިނގައިގަތީ މައްޗަށް އަރަން ހުރި ސިޑި އާއި ދިމާލަށެވެ.

ތަފާތު މާގަސްތަކުގައި ހުރި މާތައް އޮއްސުނު އިރާއިއެކު ތިބީ ނިދާފައި ކަހަލައެވެ. އެހެންނަމަވެސް ފަޒާގައި މާމެލާމެލީގެ ފަނޑުފަނޑު މީރުވަހެއް ހަރުލާފައި ހުއްޓެވެ. ދުރުދުރުގައި ބަހައްޓާފައި ހުރި މޭޒުތަކާއި އަރިމަތީގައި ބަހައްޓާފައި ހުރި ސޯފާތަކުން ތަނަށް އިތުރު ފުރިހަމަކަމެއް ގެނުވައެވެ. ހާމަފެންޑާގެ ވަށައިގެން ހަތަރުފޫޓަށް ޓެމްޕަރޑް ބިއްލޫރި ޖަހާފައި ހުރި ކަހަލައެވެ. ކޮންމެ ބިއްލޫރިގަނޑެއްގެ ދޭތެރޭގައި ޑިޒައިން އަޅާފައި ހުރި ލަކުނޑި ބޯޑެއް ފެންނަން ހުރެއެވެ. އަދި އެތަނުގައި މަޑުކޮށްލައިގެން ތިބޭއިރު އަތްއަޅުވާލެވޭނޭ ގޮތަށް ވެސް ރަތްވަކަރުން ފަތިއަޅާފައި ހުއްޓެވެ.

ޝަދަފު، ޢިޒްވާގެ އަތުގައި ހިފާލައިގެން ހާމަފެންޑާގެ ތެރެއަށް ނުކުތުމާއިއެކު ޢިޒްވާއަށް ހުއްޓުން އެރުމާއިއެކު އޭނާގެ ނަޒަރު ހުއްޓިގެން ދިޔައީ ހާމައުޑުން ފެންނަމުން ދިޔަ ޤުދުރަތުގެ ފުރިހަމަ ކަމަށެވެ. ޢާއްމުގޮތެއްގައި ހަނދުގެ ބުރުހަމަވެފައި ހުންނައިރު ފެންނަވަރަށްވުރެ ބޮޑުކޮށް މަޑުއޮރެންކުލައެއްގައި އުޑުގައި ފެންނަން ހުރި ހަނދުގެ ރީތިކަމާއިމެދު ހަސަދަވެރިވާހާ ވެއެވެ. ޢިޒްވާއަށް އޭނާގެ ނަޒަރު އެހަނދާއި ވަކިކޮށްލަން އުނދަގޫވީ ވެސް އެހެންވެކަމަށް ވެދާނެއެވެ.

“ވާއު! ޝަދަފަށް އެނގޭތަ މިރޭ ފުލްމޫނުކަން” ހައިރާންވެ އަންތަރީސްވެފައި ހުރި ފަދަ ގޮތަކަށް ޢިޒްވާ ޝަދަފުގެ މޫނަށް ބަލާލަމުން އަހާލިއެވެ.

“މިރެއަށް އިންތިޒާރުކުރާތާ ވަރަށް ދުވަސްވެއްޖެ، ހިނގާބަލަ އެކޮޅަށް” ޝަދަފު މިހެންބުނެ ޢިޒްވާގެ އަތުގައި ހިފައިގެން ކުރިއަށް ހިނގައިގަތެވެ. ހާމަފެންޑާގައި ވަށައިގެން ޖަހާފައި ހުރި ރެއިލިންގެ ކައިރިއަށެވެ.

“އޯ ޝަދަފް! މިހާ ފުރިހަމަ ރެއެއް އަހަރެންގެ ހަޔާތުގައި އަދި ނާދޭ، ތެންކިއު… ތިކަހަލަ މީހަކަށްޓަކައި ހިތުގައި ލޯބި ނުއުފެދި ހުންނާނީ ކިހިނެއް، ޔޫ އަރ މޭކިން މީ ފޯލް ފޯ ޔޫ” ޢިޒްވާ ޖަޒުބާތީގޮތަކަށް މިހެން ބުނެލަމުން ޝަދަފުގެ މުލައްދަނޑީގައި ދެއަތުން ހިފާލައި އޭނާ އާއި ގާތްވެލިއެވެ. އެހިނދު ޝަދަފު، ޢިޒްވާގެ ކޮނޑުގައި ހިފައި ވަކިން ބޮޑަށް ގާތްކޮށްލިއެވެ. އެއާއިއެކު ދެލޯބިވެރިންގެ ނަޒަރު އެކަކު އަނެކަކާ ވަތްކެއް ނުކޮށްލެވުނެވެ. ހަނދުވަރުގެ އަލީގައި އެކަކުއަނެކަކުގެ ލޮލުގެ ވިދުން ގަދަހެން ހީވިއެވެ. އަދި ދެމީހުންގެ ހިތް އެކަކުއަނެކަކާ ވާހަކަދައްކަމުން ދިޔަ ކަހަލައެވެ.

“އައި ލަވް ޔޫ…” ޝަދަފުގެ ހޫނު ނޭވާ ޢިޒްވާގެ ކޯތާފަތަށް އެޅިގެން ދިއުމާއިއެކު ވައިއަޑުން އޭނާ ބުނެލިއެވެ. އަދި މަޑުމަޑުން ޢިޒްވާގެ ކޯތާފަތުގައި ބޮސްދިނެވެ. އެވަގުތު ބޭއިޙްތިޔާރުގައި ޢިޒްވާއަށް ޝަދަފުގެ އުނަގަނޑުގައި ހިފަހައްޓާލައިގެން ހުރި އަތުން އެނާގެ ގަމީހުގައި ހިފާ ބާރުކޮށްލެވުނެވެ.

“އަބަދު ތިޔަ ލޯބި ކަލާ ވާނަންތަ” ޢިޒްވާގެ އަވަސްވެފައި ހުރި ނޭވާ އާއިއެކު މަޑުމަޑުން އަހާލެވުނެވެ. އަދި ޝަދަފުގެ މޫނުގައި އެއްއަތުން ހިފަހައްޓާލުމާއިއެކު އެޖާދުވީ މަސްތުކަން އެކުލެވިފައިވި ދެލޮލަށް ނަޒަރު ހުއްޓާލިއެވެ.

“ޔެސް… ޔެސް… ޔެސް… އޯލްވޭޒް، މެރީ މީ، އިޒޫ، މެރީ މީ…” ކުއްލިއަކަށް ޝަދަފު ހީވީ މޮޔަވިހެންނެވެ. އޭނާ ޢިޒްވާގެ ގާތުން ކައިވެންޏަށް އެދުމުން ލިބުނު ސިހުމާއިއެކު ޢިޒްވާ ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ހިތްއަވަސްވެފައި ހުރި ޝަދަފު ފަހަތަށް ޖެހިލަމުން ޢިޒްވާގެ ދެއަތްތިލާގައި ހިފަހައްޓާލައިފައި އަނެއްކާވެސް ވާހަކަދެއްކިއެވެ.

“ސީރިއަސްކޮށޭ މިބުނަނީ، އިޒޫ އަހަންނާ އިންނާނަންތަ، އަހަރެން ބޭނުން އިޒޫ އާއި ކައިވެނި ކުރަން، އަހަރެން ބޭނުންވަނީ ތީ އަހަރެންގެ އަނތްބެއްގެ ގޮތުގައި ބަހައްޓަން، ޢިޒްވާ، ވިލް ޔޫ މެރީ މީ” ޝަދަފު ވާހަކަދައްކަމުން ކުޑަކަކޫ ޖަހާލިއެވެ. އަދި ފަޓުލޫނު ޖީބުގައި އޮތް ކުޑަފޮށިނަގާ އޭތި ހުޅުވާލަފައި އޭގައި އޮތް އަލިމަސްޖެހި ރަންއަނގޮއްޓި ޢިޒްވާއަށް ދިއްކޮށްލިއެވެ. ކަންބޮޑުވުމާއިއެކު ވަށައިގެން ހޯދާލެވުނު ޢިޒްވާގެ މޫނުމަތިން އުފާވެރިކަން ފާޅުވެގެން ދިޔައިރު ހީވަނީ އެއީ އޭނާ ވެސް ބޭނުންވެފައި ހުރި ކަމެއްހެންނެވެ. އެހިނދު އިންތިހާ ދަރަޖައިގެ އުފާވެރިކަމެއް ލިބިގެން ދިޔަ ޢިޒްވާގެ ދެލޮލުން ކަރުނަ ނިރާލުމާއިއެކު ލުއި ގޮތަކަށް ހީނލިއަޑު ފަޒާގައި ހަރުލައިގެން ދިޔައެވެ. ޤަބޫލުނުކުރެވިގެން ހަދާލާފަދަ ގޮތަކަށް ކޯތާފަތުގައި އަތްޖައްސާލަމުން ޝަދަފަށް ބަލަން ޢިޒްވާއަށް ހުރެވުނީއެވެ.

“ޔެސް، ޔެސް… އުފަލުންހުރެ ޝަދަފާއި ކައިވެނިކުރާނަން” ޢިޒްވާގެ އަތުގައި ހިފާ ޝަދަފު ތަޅުވާލުމުން ކުރިއަށްވުރެ ބޮޑަށް ހީނލާފައި ޢިޒްވާ ބުންޏެވެ. ހީވީ ހުޅަނގުގެ މަންޒަރެއް ފެނިގެންދިޔަ ހެނެވެ. އެމީހުންގެ ސަޤާފަތުގެ ބައެއް ފެނިގެން ދިޔަހެންނެވެ. ވާނީވެސް އެހެންތާއެވެ. ޝަދަފު ހުރީ އޭނާގެ އުފަން ޤައުމުގެ ސަޤާފަތައްވުރެ ހުޅުގަނޑުގެ އާދަކާދަ އާއި ސަޤާފަތްތަކަށް ލޯހުޅުވިފައި ވިއްޔާއެވެ. ޢިޒްވާގެ ކަށި އިނގިލީގައި އަނގޮއްޓި އަޅުވާދިނުމާއިއެކު ޝަދަފު ތެދުވެ ޢިޒްވާގެ ގައިގާ ބައްދާލިއެވެ. އަދި ބިމުން މައްޗަށް އެއަންހެން ކުއްޖާ އުފުލާލީ ދާދި ފަސޭހަކަމާއިއެކުއެވެ.

“މިހާރު ޤަބޫލުކުރެވޭ މިރޭ ފުރިހަމަވެއްޖެކަން، އަހަރެން އިޒޫއަށް މިއަނގޮއްޓިދޭން ގަސްދުކޮށްގެން ހުރީ، އެކަމަކު ހިތް އެއްގޮތަކަށް ވެސް ޤަބޫލެއްނުވި މިރޭ އިޒޫ އާއި އިންނަން އަހާފައި ނޫނީ ވަކިވާކަށް، އަހަރެން މިހާރު އެންމެ ބޭނުންވަނީ އިޒޫ އާއި ކައިވެނި ކުރަން، ވީ އެންމެ އަވަހަކަށް” ހިނިއައިސްފައި ހުރި ޝަދަފު ޢިޒްވާ ބަހައްޓަމުން ބުންޏެވެ.

“ތިހާ އަވަހަށް ޖަޒުބާތުގެތެރެއިން ނިންމުމެއް ނިންމާއިރު، ޢާއިލާއަށް ވެސް އަހަރުމެން ދެމީހުންގެ ގުޅުން އެނގެންވާނެ އެންނު” ޝަދަފުގެ އަތުގެތެރެއިން ދުރަށް ނުދާންހުރި ޢިޒްވާ ބުނެލިއެވެ.

“އެހެންވެ އެންނު މިބުނީ މިރޭ އިޒޫގެ ވާހަކަ ޢާއިލާ މީހުން ގާތު ބުނާނަމޭ، ދެން ހިނގާ ދަމާ ދޯ، މިހާރު ހުރިހާ ކަމެއް ފުރިހަމަވެއްޖެ، ބޭނުންވަނީ އަވަހަށް ގޮސް އެންމެން ގާތު މިވާހަކަ ބުނަން، ކައިވެނި އިއުލާންކުރަން، އިޒޫއަށް ލޯބި ލޯބި ވައިފްއޭ ކިޔާ ގޮވާލަން، އޯ އިޒޫ! މިރޭ އަހަންނަށް ނިދޭނެ ކަމެއްވެސް ނޭނގޭ، ދުނިޔޭގެ ހުރިހާ އުފަލެއް ހާޞިލުވީމާ މީހަކު އުޅޭނީ މިހެންކަންނޭނގެ” ޝަދަފު މޮޔައެއްހެން ހޭންފެށިއެވެ. ޢިޒްވާގެ މޫނުމަތިން ވެސް ހިނިތުންވުން ފިލައިގެން ނުދެއެވެ. ރޭގަނޑުގެ ކަޅުއަނދިރިކަމުގެ ތެރެއިން ދުވާލުގެ އަލިކަން ފާޅުވެގެންދިއުމުން ލިބޭފަދަ ހިތްގައިމުކަމެއް އެދެލޯބިވެރިންގެ މެދުގައި ވެއެވެ. އެދެޒުވާނުންވަނީ އެކަކުއަނެކަކަށްޓާހެން ހީވާ ކަހަލައެވެ. ވަކިވުމެއްނެތް ގުޅިފައިވާ އެއްފުރާނައެއްގެ ދެބައިވެރިން ފަދައިންނެވެ.

* * * *

“ހާދަ ހިނިއައިސްފައި” ބޮޑުކޮޓަރިއަށް ވަދެގެން އައި ޒަބާއަށް ސޯފާގައި އިން އަސްމަހާނު ފެނި އަހާލިއެވެ. އޭރު އޭނާ އާއިއެކު ރީޝަމް ވެސް ހުއްޓެވެ.

“އަހާނ! ދެމައިންއެކީގަތަ، އާދޭ އާދޭ އިށީންނަން، ތިއާދެވުނީ ރަނގަޅު ގަޑިއަށް، ދެންދާންވާނީ ކައިގެން” އަސްމަހާނުގެ ގާތުގައި ހުރެފައި ދިޔަ އަމޯރާއަށް ބަލާލަމުން އޭނާ ޒަބާ އާއި ވާހަކަދެއްކިއެވެ.

“އަސްމައްތާ، އީޝް އެބައުޅޭތަ” ސޯފާގައި އިށީނުމުގެ ބަދަލުގައި ރީޝަމް އަހާލިއެވެ.

“ހޫމް! ފަހާކޮޓަރީގައިހެން ހީވަނީ، އަޅެ ދޭބަލަ ބަލާލަން، އެބައުޅޭ އެހެންކުދިބަޔަކު ވެސް އައިސް” އަސްމަހާނު ބުންޏެވެ.

“އަސްމާ، އަހަރެން މިހިރީ ވަރަށް ހިތްހަމަނުޖެހިފައި” ރީޝަމް ލޮލުކޮޅަށް އޮބާލުމާއިއެކު ޒަބާ ސޯފާގައި ރަނގަޅަށް ހަމަޖެހިލާފައި އަސްމަހާނާއި ވާހަކަދައްކަން ފެށިއެވެ.

“ކިހިނެއްވީ” ހައިރާންވެފައި އަސްމަހާނަށް އަހާލެވުނެވެ.

“ބުނީމެންނު ޑިފީ، ރީޝަމް ގޮވައިގެން ބޭރަށް ދާން އުޅޭ ވާހަކަ” ޒަބާ ހަނދާންއާކޮށްލަދޭ ފަދަ ގޮތަކަށް މިހެން ބުނެލިއިރު އޭނާގެ މޫނުމަތިން ވެސް އެވާހަކަދައްކަން ގަޔާނުވާކަން ފާޅުވޭވޭ ހުއްޓެވެ.

“އާން! އެހެންބުނީމަ މިހަނދާންވީ، ކޮބާތަ ޝަދަފު، އެކުއްޖާގެ ޚަބަރެއް ވެސް ނުވޭ، ރީޝަމް އާއިއެކު ނާދޭތަ، އަހަރެން ހީކުރީ ދެކުދިން އެކީގައިކަމަށް އަންނާނީ” ކުއްލިއަކަށް އަސްމަހާނުގެ ޝައުގުވެރިކަން ދެކެވެންއުޅޭވާހަކައަށް ހުއްޓިގެންދިޔައެވެ.

“އަސްމާއަށް އަހަންނަށް ހީވަނީ އޮޅިގެންކަންނޭނގެ ތިއުޅެނީ، ޑިފީ އަހަރުމެން ގެއަކަށް ނާދޭ، އަހަރެން އެމަންޒަރު ދެކިލާހިތުން ހުރެ ހުރެ ވަރުބަލިވީއިރު ވެސް އެދެކުދިން އެކުގައި ބޭރަށް ދާކަށް ނޫޅޭ، އެހެންވެ ހިތަށްކުޅަދާނަނުވެގެން ގޮސް ރީޝަމް ކޮޓަރީގައި އޮއްވާ އެކުއްޖާ ގާތު އެހީ، އެނގޭތަ އޭނާ ބުނިއެއްޗެއް، ދަތުރުގެ ފަހުން ޑިފީގެ ޚަބަރެއްނުވެޔޯ، އެހެންވެ މިގެއަށް އަންނަން ނުކެރިފަޔޯ މިހުރީ، ރީޝް އަހަންނަށް ދޮގުހަދަންވީ ކީއްވެ، އަހަންނަށް އެނގޭ އެކުއްޖާ ވެސް ޑިފީ އާއި ގަޔާވާކަން، އަނެއްކާ އަސްމާއަށް ހީވީތަ ޑިފީ އެކަހަލަ ވާހަކައެއް ބުނީހެން” ޒަބާ އިނީ މިވާގޮތެއް އޮޅުންފިލުވަން ބޭނުންވެފައެވެ.

“ތިވީގޮތެއް ނޭނގުނު، އަހަންނަށް ހީވިގޮތެއް ނޫނޭ، އަދި ރަނގަޅަށް އަޑުނީވުނީއެއްވެސް ނޫން، ޝަދަފު ވީ ހުޅުމާލޭގައި، އެކުއްޖާގެ ވާހަކަ ހުރިގޮތުން އަހަންނަށް ޔަޤީންވަނީ އެދިޔައީ އަންހެންކުއްޖަކު ގޮވައިގެންކަން، ލީވާން ވެސް އީޝާ ގާތު އެކަހަލަ ވާހަކައެއްދެއްކި” އަސްމަހާނުގެ ސިކުނޑީގައި ސުވާލުމާކެއް ޖެހުމާއިއެކު ހައިރާންކަން ވެރިވެގެންދިޔައެވެ.

“އަހަންނަށް ޔަޤީންވަނީ ޑިފީ ދިޔައީ ރީޝް ގޮވައިގެނެއްނޫންކަން” ޒަބާ ވެސް އިނީ ހައިރާންވެފައެވެ.

“ދެން ކޮންކުއްޖެއް ގޮވައިގެންބާ އެދިޔައީ، ތިވީގޮތުން މިޖެހުނީ ޝަދަފުގެ އުޅުމަށް އަންނަ ބަދަލުތަކުގެ އަސްލު ދެނެގަންނާކަންނު، އެއީ ކޮންކުއްޖެއްބާ، އަހަރުމެންނަށް އަންގާވެސް ނުލާ ޝަދަފު ކުއްޖަކާ ގުޅުނީބާ، މިވީ ވަރަށް ސަކަރާތްގޮތެއް، ކޮންމެ ގޮތަކުންވެސް އެބަ ބަލަންޖެހޭ މިވަނީ ކިހިނެއްކަން” އަސްމަހާނު ކޮންމެވެސް ވަރަކަށް ހާސްވިއެވެ.

“އަހަންނަށް ހީވަނީ ޑިފީ ކިޔަވައިގެން އައިއިރު އޭނާގެ ވިސްނުން ވެސް ބަދަލުވެއްޖެހެން، އަހަރުމެން ހީކުރިހާ ރީޝް އާއި ދެކުދިން ގާތެއްނޫން، އެދެކުދިން އެކުގައި އުޅުނުތަން ވެސް އަހަރުމެންނަށް ފެނިފަ އެންނު މިތިބީ” ޒަބާ ބޭނުންވީ ކުށްހީއެއް ކުރެވިފައި ނުބޭއްވުމަށެވެ. ނަމަވެސް އޭނާއަށް ހުރިހާކަމެއް ސާފުވާނީ ޝަދަފު ގެއަށްއައި އިރަކުންނެވެ.

“އަހަރެން އެބަ ގުޅަން ޝަދަފަށް” އަސްމަހާނު ބޭނުންވީ ވީހާ ވެސް އަވަހަކަށް ހުރިހާ ކަމެއް އޮޅުންފިލުވާށެވެ. ޝަދަފު ހުރި ތަނަކުން އަވަހަށް ގެއަށް ގެންނާށެވެ.

“ހެލޯ، ދަރިފުޅު ކޮންތާކު” ހަމަޖެހިފައި ހުރިގޮތް ދައްކަމުން އަސްމަހާނު ފޯނުން ވާހަކަދެއްކިއެވެ.

“ލޯންޗުގައި، މިދަނީ މާލެއަށް” އަސްމަހާނާއި ފޯނުން ވާހަކަދައްކަމުން ދިޔަ ޝަދަފު ބުންޏެވެ.

“ހުޅުމާލޭންތަ ތިއަންނަނީ” އަސްމަހާނު ޔަޤީންކުރަން ބޭނުންވިއެވެ.

“ލައްބަ، ވަރަށް ކައިރީގައި ލޯންޗު އޮތީ، މިވަންނަނީ މާލޭ ފަޅަށް، ކިހިނެއްވީތޯ މަންމާ” ޝަދަފުގެ އަޑުގައި ހައިރާންކަން އެކުލެވިގެން ދިޔައެވެ.

“އަވަހަށް ގެއަށް އާދޭ” އަސްމަހާނު އިތުރުއެއްޗެއް ބުނަން އަނގަހުޅުވާލާފަވެސް ހިތުގައިވާ އެއްޗެއް ހާމައެއް ނުކުރިއެވެ. އޭނާ އެދުނީ ޝަދަފުގެ ގާތުން އަވަހަށް ގެއަށް އައުމަށެވެ. ހުރިހާކަމެއް ޔަޤީންކުރެވޭނީ އޭރުންތާއެވެ.

* * * *

އެކަކުއަނެކަކުގެ އަތުގައި ހިފާލައިގެން މޭލައެރި ޝަދަފާއި ޢިޒްވާގެ ގުޅިފައިވާ އަތްތިލަ ވަކިކޮށްލީ ގެއަށް ވަނުމަށްޓަކައި ގޯޅިތެރެއަށް ވަންނަމުންނެވެ. އެންމެނަށް އެދެމެދުގައި ގާތްގުޅުމެއް އުފެދިފައިވާކަން އަންގަން ބޭނުންވިޔަސް ޢާއިލާ މީހުންގެ ކުރިމަތީ ލަދުވެތިކަން ޚިޔާރުކުރުމަކީ ރީތި ސިފައެއްކަމުގައި ދެޒުވާނުން ވެސް ޤަބޫލުކުރެއެވެ. ދެމީހުންގެ އަތްވަކިކޮށްލެވުނީ އެހެންވެއެވެ. ގޯޅިތެރެއަށް ވަދެގެން އަންނައިރު ފަހަރެއްގައި ދެމީހުންކުރެ އެކަކުގެ ޢާއިލާގެ މެންބަރަކަށް ވެސް އެދެމީހުން އެހާގާތްކޮށް ފެންނަން ބޭނުންނުވީއެވެ.

ޢިޒްވާގެ އެޕާޓްމެންޓު ހުރި އިމާރާތުގެ ތެރެއަށް ވަނުމުން އެއިމާރާތުގެ ދޮރޯށިން އެތެރެއަށް ކުޑަކޮށްވަދެ ހުރި ޝަދަފު، ޢިޒްވާގެ އަތުގައި ހިފޭއްޓިއެވެ.

“ކީއްވެތަ އެހެދުން ލައިގެން ނައީ” ޝަދަފު ކުރިން ވެސް ކޮށްލި ޝަކުވާއެއް ތަކުރާރުކޮށްލިއެވެ.

“އަހަރެން ދިޔައީ މިއެއްޗެހި ލައިގެން، މަންމައަށް އެފަދަ ކަންކަން ވަރަށް ބޮޑެތިކަންކަމަށް ވާނެ، ސޮރީ… ދެން ދަނީ އިނގޭ، މިހާރު ވެސް ވަރަށް ލަސްވެއްޖެ، ބަންދު ދުވަހެއްގައި މިހާ ގިނައިރު އަދި ބޭރުގައި ނޫޅެން، އަންނަމުން މަންމައަށް ގުޅާލީމަ ފޯނެއް ވެސް ނުނަގާ، ހީވަނީ ހިތްހަމަނުޖެހިފައި ހުރީހެން، އިރުއޮއްސި ދެ ނަމާދު ވެސް ނުކުރެވި މިދިޔައީ، އެކަމާ މަންމަ ހުންނާނީ ޕްރެޝަރއަށް ގޮސްފައި، ޔަޤީން…” ޢިޒްވާގެ ޝަދަފުގެ އަތްތިލައިގެ ތެރޭ ހައްޔަރުވެފައި އޮތް އޭނާގެ އަތް ނައްޓުވާލުމަށް މަސައްކަތްކުރަމުން ނިކަން އަވަހަށް ވާހަކަދެއްކިއެވެ.

“އައި ކާންޓް ހޭވް އިނަފް އޮފް ޔޫ، ވީހާ ވެސް އަވަހަކަށް އަހަރެންގެ މީހަކަށް އިޒޫ ހަދާނަން” ޝަދަފު އެއްލޯ މަރާލަމުން ބުނެލިއެވެ.

“ﷲ އިރާދަކުރެއްވިއްޔާ އަހަރެން އަބަދުވެސް ވާނީ ޝަދަފުގެ މީހަކަށް، ދެން ދޫކޮށްލާ، އަހަރެން ދާންވެއްޖެ، ޕްލީޒް” ޢިޒްވާ އާދޭހުގެ ރާގެއްގައި ބުނެލިއެވެ.

“އައި ލަވް ޔޫ، މިރޭ ބާރާގަޑި ބަޔަށް، އައިލް ވެއިޓް ފޯ ޔޫ” ބޭނުންނުވެ ހުރެވެސް ޝަދަފު، ޢިޒްވާގެ އަތުން ދޫކޮށްލިއެވެ. އަދި ސިޑިން އަރައިގެން ގޮސް އޭނާގެ ލޮލަށް ޢިޒްވާ ގެއްލެންދެން މަޑުކޮށްލައިގެން ހުއްޓެވެ.

* * * *

“އޭތް! އޭތް! މަޑުކޮށްބަލަ، މާހަލުވިކޮށް ތިދަނީ އަހަންނަށް ފިލަންވެގެންތަ” އިމާރާތުގެ ވެރިމީހާ ޒުބޭރު ހުޅުވާލާފައި ހުރި އެޕާޓްމެންޓުގެ ތެރެއިން ޢިޒްވާއަށް ގޮވާލިއެވެ.

“ކޮބާ؟ ކޮންއިރަކުން މުސާރަލިބެނީ” ޒުބޭރު ބުނެލިގޮތުން ވެސް އޭނާ އެއުޅެނީ ކުލިބޭނުންވެގެންކަން ޢިޒްވާއަށް އެނގުނެވެ.

“މިފެށޭ ހަފްތާގައި ހަވާލުކުރާނަން، އެހާތަނަށް މުސާރަލިބޭނެ، ކޮބާ ތަނެއް ހުސްވީތަ” ޢިޒްވާ ފޫހިވެފައި ހުރި ނަމަވެސް އޭނާގެ އަމިއްލަ ބޭނުން ވެސް ހާމަކޮށްލިއެވެ.

“އެހެންދޯ، އަދި ހުހެއްނުވޭ، އެކަމަކު ޢިޒްވާ ވީމަ، އަހަރެން އެބަ މަސައްކަތްކުރަން އެއްވަނަ ބުރީގައި ހުރި އެޕާޓްމެންޓު ޢިޒްވާމެންނަށް ދޭން، ކޮބާތަ މަންމަ، ހާލު ކިހިނެއްތަ، އަހަރެންގެ ސަލާމް ބުނައްޗޭ” ޒުބޭރު ފާޑަކަށް ހިނިއައިސްފައި ހުރެ އެޕާޓްމެންޓަށް ވަންނަ ދޮރުކަނީގައި އެއްއަތްވިއްދާލައިގެން ހުރެ ވާހަކަދެއްކިއެވެ.

“އާން ބުނާނަން، ދެން ދަނީ” ޢިޒްވާ ބޭނުންވީ އަވަހަށް ދާށެވެ. ޒުބޭރުގެ ނިޔަތް އެހާ ރަނގަޅުނޫންހެން އަބަދު ވެސް ޢިޒްވާއަށް ހީވެއެވެ.

“އިހަށް މަޑުކޮށްލަބަލަ، އަހަރެން ވެސް ގޭގައި އެކަނިވަގުތުކޮޅެއް، ފޫހިވެގެން މިއުޅެނީ، ޢިޒްވާ ވަންނަންވީނު ވާހަކަދައްކާލަން، އަހަރެން އެބައޮތޭ ޚިޔާލެއް ވެސް ތިޔައިގެ ދެމައިންނާ ޚިއްޞާކޮށްލަން، ޢިޒްވާއަށް ކިޔާދިނަސް ވާނީ ހަމައެއްގޮތެއްނު ދޯ” ޒުބޭރު އަނގައިގެ ދެމިޔަކަނި ބޮޑުވައިއިނގިލިންނާއި ޝަހާދަތްއިނގިލި ފޮހެލަމުން ނިތްއަރުވާލާފައި ބުނެލިއެވެ. ވީފޫހީން ޢިޒްވާ މޫނުކުނިކޮށްލިއެވެ.

“ތިބުނަން ބޭނުންވާ އެއްޗެއް ތަންކޮޅެއް އަވަހަށް ބުނެބަލަ، ވަރަށް ލަސްވެގެން މިދަނީ” ޢިޒްވާ އަވަސްއަރުވާލާފައި ދާންބޭނުންވެފައި ހުރިކަން އަންގާލަމުން ޒުބޭރާއި ދުރަށް ދެތިން ފިޔަވަޅު ޖެހިލިއެވެ.

“ޢިޒްވާ ކީއްތަވާނީ ތިއެޕާޓްމެންޓަށް މީރު ކެއުމަކަށް އަހަންނަށް ދަޢުވަތު ދިނިއްޔާ… އަސްލު އެއީއެއްނޫން ބުނަން މިއުޅޭ ވާހަކައަކީ، އަހަންނަށް އެނގޭ ތިޔައިގެ ދެމައިން އުޅެނީ ވަރަށް ހާލުގައިކަން، އެކަމަކު އަހަރެން ވަރަށް ވޭ ޢިޒްވާއަށް އެހީވާހިތް، އަހަރެން މިއުޅެނީ ވަރަށް އަވަހަށް ލަންކާއަށް ފުރަންވެގެން، ޢިޒްވާގެ މަންމަ ޑޮކްޓަރަށް ދައްކަންވެފަ އެންނު ހުރީ ދޯ، ހިތަށްއެރީ ޢިޒްވާ ޤަބޫލިއްޔާ ތިޔައިގެ ދެމައިން ގޮވައިގެން ދާންކަމަށް، އަހަރެން ދެކޮޅު ޓިކެޓުގެ ޚަރަދު ދީފާނަމޭ، އަދި ހުރުމާ ކެއުންބުއިން ވެސް ހަމަޖައްސައި ދޭނަން، ދާންވީނު އަހަންނާއިއެކު… އަހަރެން ހުރިހާކަމެއް ވެސް ކޮށްދޭނަން ޢިޒްވާ ބޭނުންވެއްޖެނަމަ” ޒުބޭރު މިހެންބުނެ ޢިޒްވާގެ ބޮލުން ފެށިގެން ފަޔާއި ހަމައަށް ނަޒަރު ހިންގާލުމާއިއެކު ތިރިން މައްޗަށް ވެސް ލޯހިންގާލިއެވެ. ބޭއިޙްތިޔާރުގައި ޢިޒްވާއަށް އަތުގައި އޮތް ކޮތަޅު ގެނެސް މޭގައި ޖައްސާލެވުނެވެ.

“ވަރަށް ބޮޑަށް ޝުކުރިއްޔާ، އެކަމަކު ތިފަދަ ބޮޑުކަމެއް ޤަބޫލުކުރެވޭކަށް މިވަގުތުނެތް، ދެން މަންމަ އާއި ވާހަކަދައްކާލާނަން އިނގޭ، ދެން އަހަރެން ގޮސްލިޔަސް އެންމެ ރަނގަޅެންނު” ޢިޒްވާ ގަދަކަމުން ހިނިތުންވެލާފައި ބުންޏެވެ. ޒުބޭރަށް އިތުރަށް ދައްކާނެ ވާހަކައެއް ނޭނގުނީ ކަންނޭނގެއެވެ. ފާޑަކަށް ބަލަންހުރެފައި ބޯޖަހާލީ އާނއެކޭ ބުނުމުގެ އިޝާރާތެއްގެ ގޮތުންނެވެ. ޢިޒްވާ އަވަސް އަވަހަށް ސިޑީގެ ދަނގަނޑު ހޮޅީގައި ހިފާއްޓާލުމާއިއެކު އެއްހަރުފަތް މެދަށް ދޫކޮށްލާފައި ފުއްމަމުން ކަހަލަ ގޮތަކަށް ސިޑިން މައްޗަށް އަރައިގެން ދިޔައެވެ. ބޭނުންވީ އަވަހަށް ޒުބޭރުގެ ލޯކުރިމަތިން ގެއްލޭށެވެ.

ޢިޒްވާ އައިސް އެޕާޓްމެންޓުގެ ދޮރު ހުޅުވާލާފައި ވަންއިރު ފަރުޝާ ފެންނާކަށް ނެތެވެ. ސިއްރު ސިއްރުން ވަދެ ދޮރު ލައްޕާލާފައި ތަޅުލަމުން ކޮޓަރިއަށް ސަމާލުވެލިއެވެ. އަދި ވިސްނާލިއެވެ. ކޮނޑުގައި އަޅުވާލާފައި އޮތް ދަބަހުގެ ތެރެއިން ފޯނު ނަގާ ގަޑިން ވީއިރެއް ޔަޤީންކޮށްލިއެވެ.

“މަންމަ ކޮބާބާ؟ މިގަޑީގައި ނަމާދުން ފައިބައިގެން އައިސް އެހެންނޫނީ އިންނާނީ ކާން، އަހަރެން ލަސްވީމާ އެނދުގައި ޖައްސާލައިގެން އޮތީ ކަންނޭނގެ، އަހަރެން އައީމަ ކާންބާ؟ މަންމަ ވެސް ދޯ… ބޭސްކާންޖެހޭނެކަން ވެސް އެނގެންވާނެ އެންނު” ސިކުނޑީގެ ތެރޭގައި ޝަކުވާކުރަމުން ކުރިއަށް ދެފިޔަވަޅު އަޅާލިތަނާ ޢިޒްވާއަށް ސޯފާގެ ފަހަތުން ފަރުޝާގެ ބަންޑުން އޮތް އަތްތިލައިގެ އެއްބައި ފެނުނެވެ.

“މަންމާ! ތިތަނަށް ގުދުވެގެން ކޯއްޗެއް ތިހޯދަނީ” ފަރުޝާގެ އަތްތިލަ ފެނުމާއިއެކު ހައިރާންވެފައި ޢިޒްވާއަށް ބުނެލެވުނެވެ. ނަމަވެސް ފަރުޝާގެ ފަރާތުން އެއްވެސް ޖަވާބެއް ނުލިބުނުތާނގައި ހަރަކާތްވެސް ކޮށްނުލިއެވެ. ހަލުކޮށް ހިނގާލާފައި އައިސް ސޯފާގެ ފަހަތުގައި ހުއްޓުނު ޢިޒްވާގެ ދެލޯ ބޮޑުވެގެން ދިއުމާއިއެކު އަނގަހުޅުވުނެވެ.

“މަންމާ، މަންމާ، މަންމާ” ޢިޒްވާ ހުރުދިމާލަށް ތިރިވުމާއިއެކު ފަރުޝާގެ ކޮނޑުގައި ހިފާ އޭނާ އާއި ދިމާލަށް އަނބުރާލަމުން އުނގުގައި ފަރުޝާގެ ބޯބާއްވާލިއެވެ. އަދި ފަރުޝާގެ މޫނުގެ ދެފަރާތުގައި މަޑުމަޑުން ޖަހާލިއެވެ. ޚަބަރު ހުސްވެފައި އޮތްހެން ފަރުޝާ އޮތީ ދެލޯމަރާލައިގެންނެވެ. ފުންނިންޖެއްގައި އޮތްހެނެވެ. ހާސްވެ ބިރުގަތް ޢިޒްވާއަށް ހަދާނެގޮތެއް ނޭނގުނެވެ. ސިކުނޑިއަށް އެއްފަހަރާ އެތައްކަމެއް އެރުމާއިއެކު ފުރަތަމަ ކުރަންވީ ކޮންކަމެއްކަން ނޭނގުނެވެ. ފެންކަޅިވެގެން ދިއުމާއިއެކު އަވަސް އަވަހަށް އެއްފަރާތުގައި ބާއްވާލެވުނު ފޯނު ނެގިއެވެ.

* * * *

“ފޯނާ ކުޅެންވީކީ ނޫން، އިހަށް އާދެބަލަ މިކޮޅަށް” ބޮޑުކޮޓަރީގައި ތިބި ބަޔަކަށް ސަމާލުކަން ނުދީ ފޯނާ ކުޅެމުން އެތެރެއަށް ވަދެގެން ދިޔަ ޝަދަފަށް އަސްމަހާނު ގޮވާލާފައި ބުންޏެވެ.

“ކިހިނެއްވީ މަންމާ” ޝަދަފުގެ ތަބީޢަތް އާދަޔާއި ޚިލާފަށް ރަނގަޅުކަން އަސްމަހާނަށް ފާހަގަކުރެވުނެވެ. އެވަގުތު ޒަބާ ވެސް ޝަދަފަށް ގޮވާލާފައި ހިނިތުންވެލިއެވެ.

“ހާދަ ހަމަޖެހިލާފައި ހުރިހެން ހީވެޔޭ، އަނެއްކާ އަންހެންކުއްޖަކާ ގުޅުމެއްވޭތަ” ޒަބާ ސަމާސާ ރާގެއްގައި މިހެން ބުނެލުމާއިއެކު ވަކިން ހުރި ސޯފާ ގޮނޑީގައި އިށީން ޝަދަފު ރަކި ހިނިތުންވުމެއް އަސްމަހާނަށާއި ޒަބާއަށް ދެމުން ބޮލުގައި އަތްހާކާލިއެވެ. އޭނާގެ އެހަރަކާތުން އެކަނި ވެސް އެދެމީހުންނަށް ޝަދަފުގެ ހަޤީޤަތް އެނގިގެންދިޔައެވެ.

“އެއީ ކޮންކުއްޖެއްތަ” ޝައުގުވެރިކަން ފާޅުކުރަމުން އަސްމަހާނު އަހާލީ ހިނިތުންވެލައިގެން އިނދެއެވެ.

“އަޅުގަނޑު މަންމަ ގާތު އެވާހަކަދައްކަން ބޭނުންވެފައި މިހިރީ، އަސްލު… އަޅުގަނޑު، އަޅުގަނޑު ކުއްޖަކާ މެރީ ކުރަން ބޭނުންވަނީ، އައި ޖަސްޓް ޕްރޮޕޯސްޑް ހާރ” ލަދުގެންފައި އިންފަދަ ގޮތަކަށް ޝަދަފު ބުންޏެވެ.

“ވަޓް” އަސްމަހާނަށް އިވުނު އެއްޗަކުން މޫނުމަތީގެ ކުލަވަރު ވަގުތުން ބަދަލުވެގެންދިޔައެވެ. ޒަބާ ވެސް އިނީ ހައިރާންވެ އަންތަރީސްވެފައެވެ. އެވަގުތު ޝަދަފުގެ ފޯނު ރިންގުވާންފެށިއެވެ. އަވަސް ނަޒަރެއް ފޯނުގެ ސްކްރީނަށް ދިންއިރު އޭނާއަށް ގުޅަނީ ޢިޒްވާއެވެ. އެކޯލު ނަގަން ބޭނުންވެގެން ތެދުވަން އުޅުނު ވަގުތު އަސްމަހާނު ވާހަކަދައްކަންފެށިއެވެ.

“ޝަދަފު، ތިފޯނު އިރުކޮޅަކަށް ނިއްވާލާފައި އިހަށް މަންމަ އާއި ވާހަކަދައްކާލަން މަޑުކޮށްލެވިދާނެތަ، ފަހުން ވެސް ތިކޯލަށް ޖަވާބެއް ދެވިދާނެ، އެންމެ ރަނގަޅުވާނީ ވެސް ފަހުން ޖަވާބު ދިނިއްޔާ، އޭރުން ދައްކަންވީ ވާހަކައެއް ފަހަރެއްގައި އެނގިދާނެ” އަސްމަހާނުގެ އަޑުގައި ކުއްލިއަކަށް އަމުރުވެރި ގޮތެއް އެކުލެވިގެން ދިޔައެވެ. ޝަދަފު އޭނާގެ މަންމަގެ ބަސްޤަބޫލުކުރަން ނިންމީ އެތަނުގައި އެވަގުތު ޒަބާ ވެސް އިނުމުންނެވެ. އެހެންވެ ފަހުން ގުޅާނަން ކަމުގައި ބުނެ ޢިޒްވާއަށް މެސެޖުކޮށްފައި ފޯނު ނިއްވާލިއެވެ. އަދި އަސްމަހާނު ދައްކަން އުޅޭ ވާހަކައަށް ފުރިހަމަ ސަމާލުކަން ދެމުން އޭނާއަށް ނަޒަރުހުއްޓާލިއެވެ.

“ޝަދަފު ބޭނުންވަނީ ކައިވެނިކުރަންށޭ، ކީއްވެ؟ ކާކާ؟” އަސްމަހާނު އެއްފައި މައްޗަށް އަނެއްފައިލަމުން ކަކުލުގައި ދެއަތުން ހިފާއްޓާލިއެވެ. އަދި މޫނުމަތިން ކުރިން ފެންނަމުން ދިޔަ ހިނިތުންވުމުގެ އެއްވެސް އަސަރެއް މިހާރު ފެންނާކަށްނެތެވެ. އޭނާ އާއި ޖެހިގެން އިން ޒަބާ ވެސް ޝަދަފުގެ މޫނަށް ނަޒަރު ހުއްޓާލައިގެން އިންއިރު އޭނާ ވެސް ބޭނުންވަނީ ޝަދަފު ދައްކާ ވާހަކަތައް އަޑުއަހާށެވެ.

“ލައްބަ މަންމާ، އަޅުގަނޑު މިހާރު ބޭނުންވަނީ ކައިވެނިކުރަން، ބައްޕަ ބުނުއްވިއެންނު އަންހެން ކުއްޖަކަށް ދެވޭނެ އެންމެ އަގުބޮޑު ހަދިޔާއަކީ އެއަންހެންކުއްޖަކާ ކައިވެނި ކުރުމޭ، އައެމް ސޮރީ، މަންމަ ގާތު ކުރިން މިވާހަކަ ނުދެއްކުނީތީ، އައި ލަވް ދިސް ގާލް، ޝީޒް ޕާފެކްޓް…” ލަދުވެތިކަމާއިއެކު އަސްމަހާނާއި ނަޒަރު ސީދާ ކުރަން ނުކެރިފައިއިން ޝަދަފު އޭނާގެ ހިތުގައި ޢިޒްވާގެ މައްޗަށް އުފެދިފައިވާ ލޯބި ހާމަކުރަން މަސައްކަތްކުރިއެވެ.

“ކޮންނަމެއް ކިޔާ ކުއްޖެއް، ކޮންގެއަކު އުޅެނީ” އަސްމަހާނު އަހާލިއެވެ.

“މިގޭ ކައިރީގައި، ޢިޒްވާ ކިޔަނީ، މަންމާ، އަޅުގަނޑުގެ ލައިފްގެ ވާހަކަ މިދައްކަނީ އެހެންވީމަ އަޅުގަނޑަށް ކަމުދާ ސިފަތަކެއް އެމީހަކު ގައިގާ ހުރުން ވަރަށް މުހިންމު، އެގޮތުން އިޒޫއަކީ ވަރަށް އަޙުލާގު ރަނގަޅު ޒިންމާދަރު ކުއްޖެއް، އަޅުގަނޑުގެ ވިސްނުން ފަހަރެއްގައި މަންމަ އާއި ޚިލާފުވުންތަކެއް ހުރެދާނެ، އެކަމަކު އަޅުގަނޑު ވަރަށް ވިސްނާފައި ނޫނީ މިފަދަ ބޮޑު ނިންނުމެއް ނުނިންމާނެކަން މަންމައަށް އެނގިލަވައްއެންނު” ޝަދަފު ބަލާލިގޮތުން ހީވީ އޭނާ އަސްމަހާނުގެ ޚިޔާލަކަށް ބޭނުންވެފައި އިންހެނެވެ.

“މަންމަ، ޝަދަފުގެ ނިންމުން ގޯސްވާހަކައެއް ނުބުނަމެންނު، ދަރިފުޅު ތިގޮތަށް ނިންމާފައިވާނަމަ، އެކަން ބައްޕައަށް ނަންގަންނަންވާނެ، އަދި މަންމަމެންނާ ބައްދަލުކޮށްލަން ގެންނަން ވެސް ވާނެއެންނު” އަސްމަހާނު ގަޔާނުވިނަމަވެސް ޝަދަފުގެ ހޮވުން ދެކިލަން ބޭނުންވިއެވެ.

“މައި ގޯޑް، ތިކުއްޖާ ވާނީ ވަރަށް ޚާޢްޞަ ކުއްޖަކަށް، ވަރަށް ބަލާލާހިތްވެއްޖެ” ގަދަކަމުން ހިނިތުންވެލަމުން ޒަބާ ބުންޏެވެ.

“ދެން އެންމެރަނގަޅު ތިދާތަނަކަށް ޝަދަފު ދިޔަޔަސް” އަސްމަހާނު ފިކުރެއްގެ ތެރެއަށް ގެއްލިފައި އިނދެ ބުންޏެވެ. އަދި ލޯކުރިމަތިން ޝަދަފު ތެދުވެގެން ގޮސް ގެއްލެންދެން ބަލަންއިނދެފައި ޒަބާއަށް ނަޒަރުހުއްޓާލަމުން ވާހަކަދައްކަން ފެށިއެވެ.

“ކައިވެންކުރަންށޯ…. އެހިސާބަށް ކަންތައްގޮސްފައި އޮވެދާނެއެކޭ އަހަރެން ކުޑަކޮށް ވެސް ހިތަކަށް ނާރާ، ޒަބާ، ނިކަން ޚިޔާލެއް ދީބަލަ މިކަމުގައި، އަހަރެން އެއްގޮތަކަށް ވެސް ބޭނުމެއްނޫން ތަރަފް އާއި ހަމައަށް މިޚަބަރު ގެންދާކަށް، އެއީ ކޮންކަހަލަ އަންހެން ކުއްޖެއްކަމެއް ވެސް އެނގެނީއެއްނޫން، ނުދަންނަ މީހަކު ޢާއިލާތެރެއަށް ވައްދުމަށްވުރެ ހަޤީޤަތްއެނގޭ، ޒަމާންވީ ގުޅުންތަކަށް ފުރުޞަތުދޭން އަހަރެން ބޭނުން، އެކަމަކު މިވީ ކިހާ ދެރަކޮށް، ރީޝްއަށް މިޚަބަރު ލިބުނީމަ ދެރަވާނެވަރު ޒަބާ ނުބުންޏަސް އަހަންނަށް އިހުސާސްކުރެވޭ” އަސްމަހާނު ދެފަރާތަށް ބޯހޫރާލަމުން ބުންޏެވެ.

“އަހަރެން ވެސް މީނީ ތިކަމުގައި ބުނާނެ އެއްޗެއް ނޭނގިފައި، ޑިފީ ހާދަކުރީގައޭ އެއުޅެނީ، އަންހެން ކުއްޖަކާ އިންނަ ހިސާބަށް ދިޔައީމަ، ހީވަނީ ވަރަށް އަވަސް އަރުވާލާފައި ކައިވެނި ކުރަން އުޅޭހެން، އަނެއްކާ އެއަންހެންކުއްޖާގެ ނުފޫޒުބާ ޑިފީގެ ފަރާތުން މިފެންނަނީ” ޒަބާ ބުންޏެވެ. އެއާއިއެކު އަސްމަހާނަށް ވެސް ވިސްނާލެވުނެވެ.

“ވެދާނެ، އެކުއްޖާގެ އަތުން އެފޯނު ވަކިވާތަނެއް އެއްގޮތަކަށް ވެސް ނުފެންނާނެ، އަބަދު ހުންނާނީ ހެޑްސެޓުޖަހައިގެން، ފޯނުގެ އިސްކުރީނާއި އޭނާގެ ނަޒަރުވަކިކޮށް ވެސް ނުލާނެ، މިހާރު އަދި އަމުދުން ނޫޅޭނޭ ޝަދަފު އެބުނާ ކަހަލަ ރަނގަޅު އަޙުލާގުގެ އަންހެން ކުދިންނެއް، އަބަދުވެސް އުޅޭނީ ފިރިހެނުންގެ އަތުން ފައިދާގަނޑެއް ނަގަންވެގެން” އަސްމަހާނު މޫނުކުނިކޮށްލަމުން ބުންޏެވެ.

“އަހަންނަށް ފެންނަނީ އެއަންހެން ކުއްޖާ މިގެއަށް ގެނެސް ނިކަން ވަނަވަރު އޮޅުންފިލުވާލަން، ޑިފީ ގާތުން އެހުމަށްވުރެ އެއަންހެންކުއްޖާގެ އަނގައިން އެކަންކަން އޮޅުންފިލުވުން މާރަނގަޅުވާނެހެން ހީވަނީ، އޭރުން އެނގިދާނެ އެންނު އެއީ ކިހާ ފެންވަރެއްގެ އަންހެނެއްކަން، އަސްމާ، ވާނެ އަހަންނަށް ދައުވަތުދޭން ތިކުއްޖަކު އަންނަ ދުވަހުން، އަހަރެން ވެސް ބޭނުން އޭނާ ހުންނަގޮތެއް ބަލާލަން، ބުނަން، އެއްގޮތަކަށް ވެސް ދެން ލަސްކުރާނެކަމެއްނެތް، ތަރަފްނެތްގަޑިއެއްގައި ގެންނާނީ، އެހެންކުދިން ވެސް ގޭގައި ނެތްގަޑިއެއްބަލާފައި ގެނައިމާ އަހަރުމެން ބޭނުންވާ އެއްޗެއް އެހޭނީ” ޒަބާ ހިތުތެރޭގައި ނުބައިރޭވުންގަނޑެއް ރާވާލިއެވެ.

“އާން! ތީވަރަށް ރަނގަޅުގޮތެއް، އަހަރެން މިއަދު ބުނާނަން ޝަދަފު ގާތު އެކުއްޖާ މިގެއަށް ގެންނަން، އެކަން ހަމަޖެހިއްޖެއްޔާ ޒަބާއަށް ގުޅާނަން” އަސްމަހާނު މާނަފުންހިނިތުންވުމަކުން އެއްމިޔަކަނިން ހިނިތުންވެލާފައި ޒަބާއަށް ބަލާލިއެވެ.

ޝަދަފު އައިސް ކޮޓަރިއަށް ވަނުމާއިއެކު ޖީބުގައި އޮތް ފޯނުނަގާ ހުޅުވާލިއެވެ. އަވަހަށް ޢީޒްވާއަށް ގުޅަން މަސައްކަތްކުރިއެވެ. ނަމަވެސް ޢިޒްވާގެ ފޯނު ރިންގުވެފައި ކެނޑެނީއެވެ. ފޯނަށް ޖަވާބުނުދިނުމުން ޝަދަފު މާޔޫސްވިއެވެ. އެހެންނަމަވެސް ހިތްހަމަޖައްސާލީ ޢިޒްވާ ފޯނާ ދުރުގައި ހުރީކަމުގައި ހީކޮށްލައިގެންނެވެ. އެއާއިއެކު އޭނާ ބެލްކަންޏަށް ނުކުމެ ޢިޒްވާމެންގެ އެޕާޓްމެންޓަށް ކަޅިއެއް އެއްލިއެވެ. ކުޑަދޮރުތަކުގައި އެލުވާފައި ހުރި ފަރުދާތަކަށް މަޑުއަލިކަމެއް އެޅިފައި ހުރިތަން ފެނުނެވެ. އަތުކުރީ އޮތްގަޑިއަށް ބަލާލަފައި ޝަދަފު އައިސް އެނދުމައްޗަށް އުއްޑުން ވެއްޓިގަތެވެ. ލުއިހިނިތުންވަމަކާއިއެކު ދެލޯމަރާލައިގެން އޮތްއިރު ޝަދަފުގެ ހިތާ ސިކުނޑީގައިވަނީ ޢިޒްވާގެ ޚިޔާލުތަކެވެ.

* * * *

ރޭގަނޑު ދިހައެއްޖހަން އުޅެނިކޮށް ޢިޒްވާ، ޝަދަފުގެ ފޯނަށް ގުޅިއެވެ. ޢީޝާ އާއިއެކު ވާހަކައިގައި ހުރި ޝަދަފު އޭނާގެ ފޯނަށް ޖަވާބު ދިނީ އެއްފަރާތަކަށް ޖެހިލާފައެވެ.

“އިޒޫ، އަހަރެން ހާދަ ވަރަކަށް ގުޅައިފީމޭ، މެސެޖުކުރީމެންނު ފަހުން ގުޅާނަމޭ ކިޔާފަ” ޝަދަފު ފޯނު ގެނެސް ކަންފަތާއި ކައިރިކޮށްލަމުން އަވަސް އަވަހަށް ވާހަކަދައްކަން ފެށިއެވެ.

“ޝަދަފް…” ޢިޒްވާ، ޝަދަފުގެ ނަންކިޔާލި ގޮތުން ވެސް އެއަޑަށް އައިސްފައިވާ ބަދަލު ދެނެގަންނާކަށް ގިނައިރެއް ނުނެގިއެވެ. ޝަދަފުގެ މޫނުމަތިން ވަގުތުން ކަންބޮޑުވުން ފާޅުވެގެން ދިޔައެވެ.

“އިޒޫ، ރޮނީތަ، ކިހިނެއްވީ، އިޒް އެވްރީތިންގް އޯކޭ” ޝަދަފަށް އަހާލެވުނެވެ.

“ހޮސްޕިޓަލުގަ، މިހިރީ…، މަންމަ އައި.ސީ.ޔޫގައި، މިހިރީ ހޮސްޕިޓަލުގައި” ޢިޒްވާއަށް ރަނގަޅަށް ވާހަކައެއް ނުދެއްކެއެވެ. އޭނާ ނުރޯން މަސައްކަތްކުރާކަހަލައެވެ. ޝަދަފުގެ ހާސްކަންވަކިން ބޮޑުވިއެވެ. ހަރަކާތްތަށް އަވަސްވުމާއިއެކު އިޝާ ގާތު ދަނީއޭ ވެސް ނުބުނެ އޭނާ ބާރުބާރަށް ހިނގައިގަތީ ޢިޒްވާ ހުރި ހިސާބަކަށް ދިއުމަށްޓަކައެވެ.

“އަހަރެން މިދަނީ، ކޮން ހޮސްޕިޓަލަކަށް ދާންވީ” ޝަދަފު ހާސްވެފައިހުރެ އަހާލިއެވެ.

“އައި.ޖީ.އެމް.އެޗްއަށް” ޢިޒްވާ ބުންޏެވެ.

“އިޒޫ، ދެރަނުވޭ އަހަރެން ހަމަމިހާރު މިދަނީ، ކުޑަކުޑައިރުކޮޅަކަށް ފޯނު ބާއްވާލާނަން، އެކަމަކު މިގުޅަނީ ވަރަށް އަވަހަށް” ޝަދަފު ކަންބޮޑުވެފައި ހުރެ ވެސް ޢިޒްވާގެ ހިތްހަމަޖައްސައިދޭން މަސައްކަތްކުރިއެވެ.

ފޯނުކޯލު ކަނޑާލުމާއިއެކު ޝަދަފު އަވަސްވެގަތީ ނަވާލަށް ގުޅުމަށެވެ. އޭނާގެ އެހީތެރިކަމުގައި ބާރު ސްޕީޑުގައި އައިސް އައި.ޖީއެމް.އެޗް ހޮސްޕިޓަލަށް މަޑުކޮށްލިއެވެ. ނަވާލު، ޝަދަފު ގޮވައިގެން އައި.ސީ.ޔޫ ހުރި ދިމާލަށް ދިޔައެވެ. އޭރު ދެޒުވާނުންގެ މޫނުމަތިން ވެސް ފެންނަނީ ކަންބޮޑުވުމެވެ. ހޮސްޕިޓަލުގެތެރޭގައި އެހިސާބުގައި މާގިނަ ބަޔަކު ނެތެވެ. އެހެންވެ އެއްފަރާތު ފާރުކައިރީ އައިސީޔޫގެ ކުރިމަތީ ހަޝަމްބަނދެލައިގެން ހުރި ޢިޒްވާ ލޮލުގައި އަޅައިގަންނާކަށް މާގިނައިރެއްނުނެގިއެވެ.

“އިޒޫ…” ޝަދަފު ގޮވާލި އަޑާއިއެކު ޢިޒްވާ އެދިމާލަށް ބަލާލިއެވެ. ޝަދަފު ދުވެލާފައި އައިސް ޢިޒްވާގެ ގާތުގައި މަޑުކޮށްލިއެވެ. އޭނާގެ ފަހަތުން ނަވާލު އައިސް ހުއްޓިލަމުން ވަރަށް ރަނގަޅަށް ޢިޒްވާއަށް ބަލާލިއެވެ. އޭނާގެ އެކުވެރިޔާގެ ހޮވުމާއިމެދު އިންސާފުކޮށްލާފަދަ ނަޒަރަކުންނެވެ.

“ކޮންއިރަކު؟، އިޒޫ އަހަންނަށް އަންގާލިނަމަ” ޝަދަފު، ޢޒްވާގެ ކޮނޑުގައި ހިފަހައްޓާލަމުން ބުންޏެވެ.

“އެންމެ ފުރަތަމަ ހިތަށް އައީ ޝަދަފުގެ ނަން، އެހެންވެ އެންމެ ފުރަތަމަ ގުޅީ ވެސް ޝަދަފަށް” ޢިޒްވާ އިސްޖަހާލައިގެން ހުރެ ބުންޏެވެ. އޭނާގެ ފެންކަޅިވެފައިވާ ދެލޯ ޝަދަފަށް ދައްކަން ބޭނުންނުވާކަހަލައެވެ.

“އޯނޯ، އައެމް ސޯ ސޮރީ، ގަސްދުގައެއްނޫން ފޯނު ނިއްވާލީ، ދެން އެވާހަކަ ފަހުން ދައްކާނީ، އިޒޫގެ މަންމަގެ ހާލު ކިހިނެއްތަ، ކުއްލިއަކަށް ކިހިނެއްތަ މިވީ” ޝަދަފު، ޢިޒްވާގެ ކޮނޑުގައި ހިފާލައިގެން ހުރެ އައިސް އެއްފަރާތެއްގައި ބަހައްޓާފައި ހުރި ބެންޗުގޮނޑިބަރީގައި އިށީނެވެ. އެމީހުންނާއިއެކު ނަވާލު ވެސް އައިސް އެއްފަރާތެއްގައި ދެގޮނޑިވަރު ދޫކޮށްފައި އިށީނެވެ.

“އޭރު ގެއަށް އައިރު މަންމަ އޮތީ ވެއްޓިފައި، ހާދަނެގޮތެއް ނޭނގުނު، އަހަރެން އެކަނި މަންމަ ނަގަން އުޅެ އުޅެ ނުނެގުނު، ޝަދަފަށް ނުގުޅުނީމަ އަވަހަށް އެމްބިއުލާންސަށް ގުޅީ، ދެން ނުކުމެ ކުރިމަތީ ހުރި އެޕަޓްމެންޓުގައި އުޅޭ މީހުންނަށް ގޮވީ، އެވަގުތު އެތަނުގައި ވެސް ހުރީ ކުޑަކުއްޖެއް، އެންމެފަހުން ގޭގެ ވެރިމީހާ ޒުބޭރުގެ އެހީގައި މަންމަ ގެނައި، ޑޮކްޓަރު ބަލާފައި ވިދާޅުވީ މަންމައަށް ހާޓްއެޓޭކެއް ޖެހުނީކަމުގައި، ފުއްޕާމޭ ވަރަށް ބޮޑަށް ހާލާކުވެފައި މިހާރު ހުރީ، އެންމެ ފަހު ސްޓޭޖުގައި ކަމަށް، މަންމަނުވެސް ބުނޭ ކެއްސާއިރު ލޭއަންނަ ވާހަކައެއް ވެސް، ވަރަށް ބައިވަރު ލޭ އަނގައިން ނުކުމެފައި އޮތީ” ޢިޒްވާ އޭނާގެ ދެލޯ މަރާބާރުކޮށްލިއެވެ. އެހިނދު ޝަދަފު، ޢިޒްވާގެ ކޯތާފަތުގައި ދެއަތުން ހިފާ އޭނާ އާއި ދިމާލަށް އެމޫނު އުފުލާލިއެވެ. އަދި ފައިބައިގެން ދިޔަ ކަރުނަތައް ދެއަތުން ފޮހެލަދިނުމާއިއެކު ޢިޒްވާ ގާތްކޮށްލިއެވެ.

“ތީކާކު، ޢިޒްވާ…” ކުއްލިއަކަށް އެތަނަށް އައި ޒުބޭރުގެ ހަރުކަށިއަޑު އިވުނެވެ.

“އަޅުގަނޑަކީ ޢިޒްވާގެ ވާންއުޅޭ ފިރިމީހާ، ވަރަށް ބޮޑަށް ޝުކުރިއްޔާ މިދެމައިންނަށް އެހީތެރިވީތީ” ޢިޒްވާ އެއްޗެއް ނުބުނުމުން ޝަދަފް ތެދުވެ ސަލާމަށް އަތްދިއްކޮށްލަމުން ޒުބާރަށް ބުންޏެވެ.

ފާޑަކަށް ހުއްޓުން އަރާފައި ޒުބޭރު ހުރުމަށްފަހު ޝަދަފާއި ސަލާމްކޮށްލާފައި އެތަނުން ދިއުމަށް ހިނގައިގަތެވެ. ޝަދަފު އައިސް ޢިޒްވާގެ ގާތުގައި އިށީންނަމުން އެތަނުގައި އިން އޭނާގެ އެކުވެރިޔާ ޢިޒްވާއަށް ތަޢާރަފްކޮށްދިނެވެ.

“މިއެއްނޫން ނަވާލަށް އިޒޫ ދައްކަން ބޭނުންވިގޮތަކީ، އިޒޫ، މީ ނަވާލް، އޭނާ ނެތްނަމަ އެހާ އަވަހަކަށް ނާދެވުނީސް” ޝަދަފު ބުންޏެވެ. ޢިޒްވާ ހިނިތުންވެލަން މަސައްކަތްކުރިއެވެ. ނަމަވެސް ވަރަށް އަވަހަށް ނަވާލާއި ނަޒަރުވަކިކޮށްލުމާއިއެކު އިސްޖަހައިފިއެވެ.

“ޑިފީ، އިޒޫގެ މަންމަ ބޭރަށް ގެންދެވޭތޯ އުޅެމާ” ނަވާލު އިރުކޮޅަކު ޢިޒްވާގެ ހަރަކާތްތަކަށް ބަލަން އިނދެފައި ބުންޏެވެ.

“ޑޮކްޓަރު ހުއްދައެއްނުދޭ އެހާލުގައި އޮއްވާ އެއްވެސް ތަނަކަށް މޫވްކުރާކަށް” ޝަދަފަށް އެއްޗެއް ނުބުނެވިގެން އުޅެނިކޮށް މަޑުމަޑުން ޢިޒްވާ ބުންޏެވެ.

“އަހަރެންގެ ގާތް ޑޮކްޓަރެއް މިކޮޅުގައި ހުންނާނެ، އޭނާ އާއި ގުޅޭތޯ އެބަބަލަން، ބައެއްފަހަރު މިތާ ޑޮކްޓަރުން ވަރަށް އަމިއްލަ އެދުން ބޮޑުވާނެ” ނަވާލު މިހެން ބުނެ އިންތަނުން ތެދުވިއެވެ. އަދި ފޯނު ކަންފަތުގައި ޖަހާލައިގެން ހުރެ ދެކޮޅަށް ހިނގާލަ ހިނގާލަ ހުއްޓެވެ.

ޝަދަފު، ޢިޒްވާގެ އަތުގައި ދެއަތުން ހިފާލައިގެން އިންއިރު އޭނާ ވިސްނަމުން ދިޔައީ މިފަދަ ވަގުތެއްގައި އޭނާއަށް އެހީތެރިވޭވޭނީ ކިހިނެއްކަމާއިމެދުއެވެ. ބައްޕަގެ ގާތުން އެހީއަކަށް އެދެންވީބާއޭ ވެސް ހިތައްއެރިއެވެ. ޢިޒްވާއަކީ އޭނާގެ ވާން އުޅޭ އަނބިމހާއެވެ.

ނަވާލުގެ ސަބަބުން ޢިޒްވާގެ މަންމައަށް ހޮސްޕިޓަލުގެ ޑޮކްޓަރުންގެ ފަރާތުން ޚާއްޞަ ސަމާލުކަމެއް ލިބިގެންދިޔައެވެ. އޭނާގެ ފަރާތުން ޝަދަފަށް ފޯރިކޮށްދެވެން އޮތް އެހީތެރިކަމެއްވިއްޔާ ފޯރުކޮށްދިނުމަށް ހުރީ ތައްޔާރަށެވެ. ރޭގަނޑު ބާރަ ޖަހަންދެން ނަވާލު، ޝަދަފާއި ޢިޒްވާއާ އެކު މަޑުކުރުމަށްފަހު ގެއަށް ދިޔައީ އެއްވެސް ކަމެއް ބޭނުންވެއްޖެނަމަ އޭނާއަށް ގުޅުމަށް ބުނަމުންނެވެ. އަދި އެއާއިއެކު ޝަދަފާއި ސަލާމްކޮށްލާފައި ނަވާލު ވަކިވެގެން ހިނގައްޖެއެވެ.

“ހެލޯ” ޢިޒްވާގެ ފޯނަށް ޒުބޭރު ގުޅުމުން ނެގިއެވެ.

“މަންމަ ކިހިނެއް؟ އެއްވެސް ކަމެއް ބޭނުންތަ؟ އެކަނިތަ ތިނީ” ޒުބައިރު އަހާލިއެވެ.

“އަދި ވަކި އެއްޗެއް ޑޮކްޓަރު ވިދާޅެއްނުވޭ، އެކަންޏެއްނޫން، ކަމަކަށް ބޭނުންވެއްޖެއްޔާ ބުނާނަން” ޢިޒްވާ ދެރަވެފައި އިނދެ ބުންޏެވެ. ޒުބޭރު ވެސް ފޯނުކޯލު ނިންމާލުމުގެ ކުރިން އެދުނީ އެއްވެސް ކަމަކަށް ބޭނުންވެއްޖެނަމަ އޭނާއަށް ގުޅަން ފަސްނުޖެހުމަށެވެ.

“އެއީ ހާދަ ރަނގަޅު މީހެކޭ ދޯ” ޝަދަފަށް ޒުބޭރު ގުޅިކަން އެނގުމުން ޢިޒްވާ ގާތު ބުންޏެވެ.

ބޯޖަހާލަމުން ޢިޒްވާ އިތުރުއެއްޗެއް ނުބުންޏެވެ. އޭނާއަށް ޒުބޭރުގެ އެހީތެރިކަން މިއަދު ލިބުނީތީ އެކަމާ ޝުކުރުވެރިވެއެވެ. އޭނާގެ ހުންނަ ނޭދެވޭ ސިފަތަކުގެ ވާހަކަ ޝަދަފުގެ ގާތުގައި ދައްކަން ޢިޒްވާ ބޭނުންނުވީ އެހެންވެއެވެ.

އަސްމަހާނު ނިދަން ކޮޓަރިއަށް ވަނުމުގެ ކުރިން އޭނާ އައީ ޝަދަފުގެ ކޮޓަރި ބެލުމަށެވެ. ޝަދަފު ވަރަށް އަވަސް އަރުވާލާފައި ގެއިން ނުކުމެގެން ދިޔަތަން އޭނާއަށް ފެނުނެވެ. ރޭގަނޑުގެ ކެއުމުގައި ބައިވެރި ވެސް ނުވެ ޝަދަފު ނުކުމެން ދިޔައީތީ އެކަމާ އަސްމަހާނު ހުރީ ހިތްހަމަނުޖެހިފައެވެ. ޝަދަފުގެ ކޮޓަރި ހުޅުވާލިއިރު އެތަން އޮތީ އެއްކޮށް އަނދިރިކޮށެވެ.

“އަދިވެސް ގެއަށް ނާދޭ” ޝަދަފުގެ ކޮޓަރީގެ ދޮރު ލައްޕާލަމުން އަސްމަހާނަށް ބުނެލެވުނެވެ. އޭނާ ޝަދަފަށް ގުޅީ ދެނެވެ. ޝަދަފުގެ ދިރިއުޅުމަށް އައިސްގެން އުޅޭ ބަދަލުތަކުގެ ވާހަކަ ތަރަފް އާއި ހަމައަށް ގެންދާކަށް އަސްމަހާނު އެއްގޮތަކަށް ވެސް ބޭނުމެއްނޫނެވެ. އޭނާގެ ދަރިފުޅުގެ ކަންކަން އޭނާއަށް ބަދަލުކުރެވެންޖެހޭނެކަމުގައި ޤަބޫލުކުރެވޭތީއެވެ. ދަރިންނަކީ މައިންބަފައިން ބޭނުންވާގޮތަށް އުޅެން ޖެހޭނޭ ބައެއްކަމުގައި އޭނާ ޤަބޫލުކުރެއެވެ.

“ކޮންތާކު” ޝަދަފު ފޯނު ނެގުމާއިއެކު އަސްމަހާނުގެ އަޑުއައީ ހަރުކަށިކޮށެވެ.

“ހޮސްޕިޓަލުގައި” ޝަދަފު، ޢިޒްވާގެ ގާތުން ތެދުވެގެން ދުރަށް ޖެހިލާފައި މަޑުމަޑުން ބުންޏެވެ.

“ކިހިނެއްވީ، ކަމެއް ދިމާވީތަ” އަސްމަހާނު ކަންބޮޑުވިއެވެ.

“މަންމާ، އިޒޫގެ މަންމަ އައި.ސީ.ޔޫގައި އޮތީ، މިވަގުތު އޭނާގެ ގާތުގައި ހުރުން ވަރަށް މުހިންމު، އަޅުގަނޑަށް ގެއަށް ދެވޭނީ ހެނދުނުންހެން ހީވަނީ، ޕްލީޒް، ޑޯންޓް ވޮރީ” ޝަދަފު ވާހަކަދެއްކީ ވަރަށް މަޑުމައިތިރިކޮށެވެ. އޭނާއަށް ފޯނުގެ އަނެއްކޮޅުގައި ހުރި އަސްމަހާނުގެ ރުޅިގަދަވެގެން ފުފިފައިހުރި މޫނެއް ނުފެނެއެވެ.

“ޝަދަފަށް އަދި ނުޖެހޭނެ ތިހެން އުޅޭކަށް، އޭނާގެ ޢާއިލާ މީހުން ތިބޭނެ ތިތަނުގައި މަޑުކުރަން، ބައްޕައަށް ޝަދަފު ގޭގައި ނެތްކަން އެނގިލެއްވުމުގެ ކުރިން އަވަހަށް އާދޭ ގެއަށް، އިތުރު ބަހަނާއެއް ދައްކާނެ ކަމެއްނެތް، އުސެއިދު ފޮނުވަފާނަން އެހާވަރުން އެތަނުގައި މީހަކު ހުންނަން ޖެހެންޏާ” އަސްމަހާނު ހުރީ ހިތްހަމަނުޖެހިފައިކަން އޭނާ ދެއްކިވާހަކަތަކުން ޝަދަފަށް އެނގުނެވެ. އެހެންނަމަވެސް އެކަން ބޮޑުކަމަކަށް ނުހަދާ ޝަދަފު ބެލީ އަސްމަހާނުގެ ހިތްހަމަޖައްސާލަދެވޭތޯއެވެ.

“މަންމާ، ރުޅިއިސްކުރާވަރުކަމެއް އަޅުގަނޑު ނުކުރަމޭ، ޕްލީޒް، ޓްރައިޓު އަންޑަސްޓޭންޑް، މިވަގުތު އިޒޫގެ ޢާއިލާ މީހަކު ނެތޭ މާލެއަކު” ޝަދަފު އާދޭސްކުރާފަދަ ގޮތަކަށް މިހެން ބުނުމުން އަސްމަހާނު ފޯނުކޯލު ކަނޑާލިއެވެ.

“އަހަންނަށް މިއަޑުއިވުނީ ހަމަރަނގަޅަށްބާ، އެހެންވީމަ ކުރެވުނު ހީ މިވީ ހަމަރަނގަޅަށް، ރާއްޖެތެރޭ ކޫޑިއަކަށް ނޫނީ ނުވާނެ އެއަންހެނާ، ޔަޤީނޭ މަންމަ ބަލިވިއްޔޭ ކިޔާފައި އެއުޅެނީ މަގޭ ދަރިފުޅު ދޮވެލަންކަން، ނިކަން ހުރެބަލަ، އަހަންނަށްވުރެ ނުބައެއްނުވެވޭނެ” ތުންފިއްތާލަމުން އަސްމަހާނު އައިސް ކޮޓަރިއަށް ވަނެވެ. އޭރު ތަރަފް އޭނާގެ އިންތިޒާރުގައި ފޮތެއްހިފައިގެން އެނދުމަތީ އިނެވެ.

“ހާދަ މޫޑުގޯސްވެފައި” އަސްމަހާނު އައިސް ވަންގޮތް ފެނިފައި ތަރަފް ބުންޏެވެ.

“ނޫނޭ، މިއަންނަނީ ފާޚާނާއަށްވަދެ ފްރެޝްވެލައިގެން” އަސްމަހާނު ގަދަކަމުން މީހާ ހަމައަކަށް އަޅުވަމުން ތަރަފަށް ހިނިތުންވެލިއެވެ.

އައި.ސީ.ޔޫ ކައިރީ ހުރި ބެންޗުގައި ހަށިގަނޑު ދޫކޮށްލައިގެން ދެފައިދަމާލައިގެން ޝަދަފު އިންއިރު އޭނާގެ ބޯ ފާރުގައި ޖައްސާލައިގެން އިނީ ނިދިފައެވެ. ވާތްފަރާތުން އޭނާގެ ކޮނޑުގައި ބޯއަޅާލައިގެން އިން ޢިޒްވާއަށް ވެސް އިނީ ނިދިފައެވެ. ދެމީހުންނަށް ހޭވެރިކަމެއްވީ ނަރުސްކުއްޖަކު އައިސް ގޮވާލުމުންނެވެ. ލޯހުޅުވާލުމާއިއެކު ޝަދަފު އަވަސް އަވަހަށް ޢިޒްވާއަށް ގޮވާލިއެވެ. ދެމީހުން ކޮޅަށް ތެދުވިގޮތަށް ނަރުސްކުއްޖާ ބުނަމުންދިޔަ އެއްޗެއް ކަނުލާއަޑުއަހަންފެށިއެވެ. ލިބުނީ އުފާވެރި ޚަބަރެކެވެ. އެއާއިއެކު ޝަދަފަށް ޢިޒްވާގެ ގައިގާ ބައްދާލެވުނީ ބޭއިޙްތިޔާރުގައެވެ.

“ތެންކިއު” ނަރުސްކުއްޖާއަށް ޝަދަފު ބުންޏެވެ.

ރޭދަންވަރުން ފެށިގެން މަޑުމަޑުން ހާލު ރަނގަޅުވަމުން އައި ފަރުޝާ ވޯޑަށް ނެރުނީ ހެނދުނު ދިހައެއްޖެހިފަހުންނެވެ. އޭނާއަށް ހޭވެރިކަމެއްވީސުރެން ޢިޒްވާގެ ގާތުގައި އުޅޭ ޒުވާން ފިރިހެންކުއްޖާ ފާހަގަކުރެވުނެވެ. ސުވާލު އުފެދުމުގެ ބަދަލުގައި ފަރުޝާގެ ހިތަށް ޝަދަފުގެ ހަރަކާތްތަކުން ފިނިކަން ލިބިގެންދިޔައެވެ. ދެކުދިން ކުރެ އެކަކުވެސް އެއްޗެއް ނުބުނިކަމުގައި ވިޔަސް އެދެކުދިންގެ ހިތުގައިވަނީ ކީކޭކަން ފަރުޝާއަށް އެނގުނެވެ. ހިނދުކޮޅަކަށް ވެސް ޢިޒްވާ އާއި ދުރަށް ނުގޮސް ޝަދަފު ހުއްޓެވެ.

“އަލްހަމްދުލިއްﷲ” ފަރުޝާ ހިތާހިތާ ކިޔާލިއެވެ. އޭނާ ވެއްޓެމުންދިޔަ ވަގުތު ވެސް ކުރެވުނު ހަމައެކަނި ދުޢާއަކީ އެއީއެވެ. އޭނާގެ ހުރި ހަމައެކަނި ދަރިފުޅު މިދުނިޔޭގައި އެކަނިވެރިއެއްކަމުގައި ނުލެއްވުމަށެވެ. އެދަރިފުޅަށްޓަކައި މާތްއަޙުލާގެއްގެވެރި ބައިވެރިއަކު ދެއްވުމެވެ. ފުންނިންޖެއްގެ ތެރެއަށް ދިއުމަށްފަހު ލޯހުޅުވާލެވުނުއިރު މިފެންނަނީ އޭނާގެ ދުޢާ އިޖާބަކުރައްވާފައިވާތަނެވެ. ފަހެ އޭނާއަކީ ނަސީބުވެރިއެއްކަމުގައި ފަރުޝާއަށް ޤަބޫލުކުރެވުނެވެ. އެހާލުގައި އޮވެ ވެސް ނަމާދު ދޫކޮށްލަން ފަރުޝާ ބޭނުންނުވިއެވެ. މަޑުމަޑުން ދޫހަރަކާތްކުރަން ފެށުމުން ވަރުދެރަވެފައި އޮތް އަތުން އޮކްސިޖަން މާސްކު މޫނާ ދުރަށް ޖައްސާލަން އުޅުނެވެ. އެހިނދު އަވަސް އަވަހަށް ޢިޒްވާ މަންމަގެ ގާތަށް ޖެހިލިއެވެ. ފަރުޝާ އޭނާ ބޭނުންވާ ކަންތައް ޢިޒްވާގެ ގާތުގައި ބުންޏެވެ. ފަސްޖެހުމެއްނެތި ޢިޒްވާ އަވަސްވެގަތީ ފެންފޮދެއް ހޯދުމަށެވެ. ކުޑަތުވާލިކޮޅެއް ތެތްމާލައިގެން ގެނެސް ފަރުޝާ ވުޟޫކުރުމަށް އެހީތެރިވެދިނެވެ. އަދި ވަށައިގެން ދަމާލާފައި ހުރި އިސްކުރީނުތަކުގެތެރޭގައި އެނދުގައި އޮވެ ފަރުޝާ ނަމާދުކުރިއެވެ. މިމަންޒަރު ފެނުނު ޝަދަފުގެ ލޮލުން ކަރުނަ ހިލިގެންދިޔައެވެ.

“ޝަދަފު، ކިހިނެއްވީ” ޢިޒްވާ ކަންބޮޑުވިއެވެ.

“ނަތިންގް” ޝަދަފަށް އޭނާއަށް ކުރެވިގެންދިޔަ އިހުސާސް ދުލުން ބަޔާންކޮށްދޭކަށް ނޭނގުނެވެ. އިސްޖަހާލަމުން ފުރިގެންދިޔަ ދެލޯފޮހެލާފައި ޢިޒްވާގެ އަތުގައި ހިފާލިއެވެ.

“އިޒޫގެ މަންމައަށް އަހަންނަކީ ކާކުކަން ބުނެދެއްޗޭ، އިޒޫގެ މަންމަގެ ރުހުން އަހަންނަށް އެހެން އެކަކުގެ ރުހުމަށްވުރެ ވެސް މުހިންމު، އޭރުން އަހަރުމެންދެމީހުންގެ ދިރިއުޅުން ފަސޭހަވެގެންދާނެކަން ޔަޤީން” ޝަދަފު ހިނިތުންވެލަމުން ބުންޏެވެ. ފަރުޝާއާ މެދު ޝަދަފުގެ ހިތުގައި ދެވުނު އިހުތިރާމް ޢިޒްވާއަށް އެނގުމުން ވަކިން އުފާވިއެވެ.

“މަންމަ ސުވާލުކުރާނެ ޝަދަފާއި ބެހޭގޮތުން، އޭރުން ހުރިހާ ވާހަކައެއް ކިޔައިދޭނަން” ޢިޒްވާ ބުންޏެވެ.

“އަހަރެން ގެއަށް ގޮސްލާފައި އަންނާނަން، މަންމަ ހުރީ ވަރަށް ކަންބޮޑުވެފައި، ފެންވަރާ ހަދާލައިގެން ގިނައިރެއްނުވާނެ، އިޒޫ އެއްވެސް އެއްޗެއް ބޭނުންތަ، ބޭބެއަށް ގުޅޭގޮތްވެއްޖެތަ، ފޯނުގައި ލާރިއެބަހުރިތަ” ޝަދަފު ދިއުމުގެ ކުރިން އަހާލިއެވެ.

“ގުޅޭވަރަށް އެބަހުރި، މިހާރު ރިންގުވޭއެބަ، މެސެޖެއް ވެސް ކޮށްފިން، މަންމަ ތެދުވެވޭވަރުވީމާ ބޭރަށް ފުރަންކަމަށް މިވިސްނަނީ، މިހާރު އެކައުންޓުގައި އެވަރަށް ފައިސާ ވެސް ހުންނާނެ، ޝަދަފު އަރާމުކޮށްލަން ގޭގައި މަޑުކޮށްލިޔަސް އެންމެ ރަނގަޅު، އިތުރުކަމެއް ބޭނުމެއްނޫން” ޢިޒްވާ މިހެންބުނެ ހިނިތުންވެލިއެވެ.

“އޯކޭ، އެކަމް އަހަންނަށް އިޒޫ އެކަނި މިތަނުގައި ބަހައްޓާފައި ގެއަށް ގޮސް އަރާމުކުރާހިތެއްނުވާނެ، ސޯ ފެންވަރާލައިގެން މިއަންނަނީ، އަންނައިރު އިޒޫއަށް ކާންގެނެސްދޭނަން” ޝަދަފު މިހެންބުނެ ޢިޒްވާގެ ކޯތާފަތުގައި އަތްޖައްސާލާފައި އެނބުރި ވޯޑުން ނުކުންނަން ހިނގައިގަތެވެ.

“އެއީ ކޮންކުއްޖެއްތަ، ދަރިފުޅާ ވަރަށް ގާތްހެން ހީވަނީ” ޢިޒްވާ އައިސް އެނދުކައިރީ ހުރި ގޮނޑީގައި އިށީނުމުން ފަރުޝާއަހާލިއެވެ.

“އެއީ ޝަދަފު، އޭނާގެ ވާހަކަ ދައްކާނީ ފަހުން، މަންމަ ކީއްވެތަ އަހަންނަށް ނުގުޅީ، އަހަރެން ހާދަ ބިރެއްގަތޭ، މަންމައަށް ކަމެއްވިނަމަ އަހަރެން ކިހިނެއް ހަދާނީ” ޢިޒްވާ، ފަރުޝާގެ ކޮނޑުގައި އަތްޖައްސާލަމުން ކަންބޮޑުވުން ފާޅުކުރިއެވެ.

“މަންމަ ގުޅަން މަސައްކަތްކުރީމޭ، ކުއްލިއަކަށް މެޔަށް ތަދެއްއެރީ، ހިތަށްއެރީ އިރުކޮޅަކުން ތަދުފިލާފާނެއޭ، ވެއްޓުނީ ކޮންއިރަކުކަމެއް ނޭނގުނު، މޫނުމައްޗަށް އަނދިރިވެފައި ދެންވީގޮތް ނޭނގުނީ، ދެން އެހާބޮޑަށް ހާސްނުވެބަލަ، އެނގޭތަ، މަންމައަށް ހީވަނީ ޝަދަފަކީ ވަރަށް ރަނގަޅުކުއްޖެއްހެން، ދަރިފުޅަށް އޭނާ ކަމުދާހެން ވެސް ހީވޭ، އަނެއްކާ އެހާ ގާތްކުއްޖެތަ އެއީ” ފަރުޝާ ބޭނުންވީ ހުރިހާ ސަމާލުކަމެއް ޝަދަފަށް ދޭށެވެ.

“ހޫމް! އަހަންނަށް ވަރަށް ކަމުދޭ، މަންމާ، އަހަރުމެން ދެމީހުން ދިމާވިތާ އަދި މާގިނަދުވަހެއްނުވޭ، ބުނަންނުކެރުނީ މަންމަ ހިތްހަމަނުޖެހިދާނެތީވެ” ޢިޒްވާ ރަކިގޮތަކަށް އިސްޖަހާލަމުން ބުންޏެވެ.

“ކީއްވެ މަންމަ ހިތްހަމަނުޖެހެންވީ، ތިދެކުދިން ފެނިފައި މަންމަގެ ހިތަށް ފިނިކަމެއްލިބިއްޖެ، ހިތްބުނަނީ ޝަދަފު، ދަރިފުޅު ވަރަށް އުފަލުގައި ގެންގުޅޭނެޔޭ، އުޅޭއުޅުމުން ވެސް ރަނގަޅުހެން ހީވޭ، ކޮންގެއަކު ކުއްޖެއްތަ އެއީ” ފަރުޝާ ހިނިއައިސްފައި އޮވެ އަހާލިއެވެ. ހީވަނީ އޭނާއަށް އިޙްސާސްކުރެވެމުންދިޔަ ވޭންތަކަށް ލުޔެއް ލިބިފައިވާހެންނެވެ.

“މަންމާ، އޭނާ ބޭނުންވަނީ އަހަންނާ ކައިވެނިކުރަން، މަންމަގެ ރުހުން ޝަދަފަށް ވަރަށް މުހިންމު، އެކަމަކު އަހަރުމެން ދެމީހުންނަކީ އުޑާ ބިމާހާ ތަފާތު ދެމާޙައުލަކުން އައިސްފައިވާ ދެމީހުން، އޭނާ އުޅެނީ އަހަރުމެން މިއުޅޭ ގޭގެ ކުރިމަތީގައި ހުރިގޭގައި، އެގޭ ތިންބެއިންގެ ތެރެއިން މެދަށް ހުންނަ ކުއްޖާ، ވަރަށް ފަހުން ބޭރުން ކިޔަވައިގެން އައީ” ޢިޒްވާއަށް މިހިސާބަށް ބުނެވުނުއިރު ފަރުޝާގެ މޫނުމަތީގައިވާ ހިނިތުންވުން ފަނޑުވެގެން ހިނގައްޖެއެވެ.

“ޢިޒްވާ، މަންމައަކީ ދުވަހަކު ވެސް އަޅާކިޔާހިތްވާ މީހެއްނޫންކަން ދަރިފުޅަށް އެނގޭނެ، ތިދެކުދިން އެކަކު އަނެކަކާ ގުޅެން ބޭނުންވަންޏާ މަންމަގެ އެއްވެސް މައްސަލައެއްނެތް، އެކަމަކު މަންމަ ބޭނުން ޝަދަފާއި ވާހަކަދައްކަން، ޝަދަފުގެ ޢާއިލާއަށް އެނގޭތަ ދަރިފުޅުމެން ދެކުދިން ކައިވެނިކުރަން އުޅޭކަން” ފަރުޝާ އެހިއެވެ.

“ޝަދަފު ބުނި އޭނާގެ މައިންބަފައިން ގާތު ބުނާނަމޭ” ޢިޒްވާއަށް ޔަޤީންނުވެ އިނދެ ބުންޏެވެ.

“މިހާރު ދިޔައީތަ، ޝަދަފު މިއަދު ދެންނާންނާނެތަ” ފަރުޝާ ބޭނުންވީ ޝަދަފުގެ ހިތުގައިވާ އެއްޗެއް އޮޅުންފިލުވާށެވެ. އޭނާގެ ދަރިފުޅު އެމީހަކާ ހަވާލުކުރާއިރު އޭނާގެ ދަރިފުޅުގެ މައްޗަށް ރައްކާތެރިވާނޭ މީހަކަށް އެމީހަކު ވުމަކީ އޭނާ އެންމެ ބޭނުންވާ ކަންތަކެވެ. ހިތްދަތިކަމެއް ލިބިދާނޭފަދަ ނިންމުމެއް ފަރުޝާއަށް ނިންމިއްޖެއްނަމަ ކަށްވަޅުގައި ވެސް އޭނާއަށް ހަމަޖެހިލައިގެން ނޯވެވޭނެކަން އެނގޭތީއެވެ. ހުރި ހަމައެކަނި ދަރިފުޅަށް އުފަލާ ހިތްހަމަޖެހުން ލިބުމަކީ އޭނާގެ ހުރިހާ ވޭނަކަށް ޝިފާ ލިބުންފަދަ ކަމެކެވެ. ރީތި ދިރިއުޅުމެއް އެދަރިފުޅު އުޅޭތަން ދެކިލުމުގެ ނަސީބު ލިބުމަކީ މިފަހަކަށް އައިސް ފަރުޝާގެ ހިތުގެ މުރާދެވެ.

މެންދުރު ކެއުމަށްޓަކައި ތަރަފް ނޫނީ އެންމެން ކާމޭޒު ދޮށުގައި ތިއްބެވެ. އަސްމަހާނުގެ ނަޒަރު ހުއްޓިފައިވަނީ އަވަސްއަރުވާލާފައި އުޅޭ ޝަދަފުގެ ހަރަކާތްތަކަށެވެ. މަޑުމަޑުން ތަށީގައި ހުރި ތަރުކާރީކޮޅު ހާވާލަ ހާވާލާ އޭނާ އިންއިރު ހިތާ ސިކުނޑި ރުޅިގަދަވެގެން ކެކިއަރަނީއެވެ.

“ޝަދަފް، ނިކަން ހަމަޖެހިގެން ކައިބަލަ” އަސްމަހާނު މިހެންބުނުމާއިއެކު ޝަދަފު އޭނާގެ މަންމައަށް ބަލާލިއެވެ. އަދި ކެއުމުގެ ސްޕީޑު ލަސްކޮށްލިއެވެ.

“މިހާރު ޑިފީ ގެއަކުން ނުފެނޭ އެއްގޮތަކަށް ވެސް، ޔޫޝް ފުރީމަ ގޭތެރެ ވަރަށް ފޫހި، މަންމަ ބުނުއްވީމެންނު މިއަދު ބާބިކިއުއެއް ބާއްވާވާހަކަ، ކޮންއިރަކުންތޯ އެކަން އޮތީ، އަޅުގަނޑު ހީކުރީ މެންދުރުކަމަށް އޮތީ” އީޝާ ބުންޏެވެ.

“ޝަދަފު ގޭގައި މަޑުވެގެންނު ކަމެއް ބޭއްވޭނީ” އަސްމަހާނު ހިތްހަމަނުޖެހިފައި އިން ރާގެއްގައި ޝަދަފަށް ބަލާލަމުން ބުންޏެވެ. ނަމަވެސް އެއަޑު އިވުނު ކަމަކަށް ޝަދަފު ނުހަދައެވެ.

އަނގައިން ނުބުނެ އިނދެ ކައިނިންމާލާފައި ޝަދަފު ހިނގައިގަތީ އޭނާގެ ކޮޓަރިއަށް ދިއުމަށެވެ. އަސްމަހާނު އިނީ ހިތްހަމަނުޖެހިފައިކަން ޝަދަފަށް އެނގޭތީވެ އޭނާ ބޭނުންވީ އިހަށް ގޭގައި މަޑުކޮށްލާށެވެ. ސިޑިން އަރައިގެން އައިސް ކޮޓަރިއަށް ވަދެވުމާއިއެކު އޭނާ ޢިޒްވާއަށް ގުޅިއެވެ. ޢިޒްވާގެ މަންމަގެ ހާލު މަޑުމަޑުން ރަނގަޅުވަމުން އަންނަ ވާހަކަބުންޏެވެ. އެހެންނަމަވެސް ޑޮކްޓަރުންގެ ވާހަކަތައް ހުރީ އެހާ އުންމީދީ ގޮތަކަށް ނޫނެވެ. ޢިޒްވާގެ މަންމަ އެވަނީ މަރުގެ ތުންފަތްމަތީގައި ކަހަލަ ގޮތަކަށެވެ. ފުއްޕާވަނީ ހީވެސް ނުކުރާވަރަށް ހަލާކުވެފައެވެ. ހަށިގަނޑަށް އޮކްސިޖަން ފޯރުކުރުމުގައި ދަތިތަކެއް ހުރުމުން ފަރުޝާގެ ހަށިގަނޑު ވަނީ ވަރަށް ވަރުދެރަވެފައެވެ. ޢިޒްވާގެ އަޑުގައި ހުރި ކަންބޮޑުވުން ޝަދަފަށް ނަގައިގަނެވުނެވެ.

“އަހަރެން އިރުކޮޅަކުން މިދަނީ، އިޒޫ އެހާ ސްޓްރެސްޑް ނުވައްޗޭ، އެހެންނޫނީ މަންމަ އަދި މާބޮޑަށް ހާސްވާނެ” ޝަދަފު ބުންޏެވެ.

ޝަދަފުގެ ކޮޓަރީގައި ޓަކިދީފައި ކުއްލިއަކަށް އެވަނީ އަސްމަހާނެވެ. އޭނާގެ މޫނުމަތިން ކުރިން ފެންނަމުން ދިޔަ ރުޅިވެރިކަމެއް ނުފެނެއެވެ. މީހާ ތަންކޮޅެއް ހަމަޖެހިލާފައި ހުރިހެން މިހާރު ހީވެއެވެ. ފޯނު ކަންފަތުގައި ޖައްސާލައިގެން އެނދުގައި އޮތް ޝަދަފު އަވަސް އަވަހަށް ފޯނުކޯލު ކުރުކޮށްލާފައި އެނދުން ތެދުވިއެވެ.

“މަންމާ” ޝަދަފަށް މިހެން ބުނެވެންވާއިރަށް އަސްމަހާނު ވާހަކަދައްކަން ފެށިއެވެ.

“އޭނާގެ މަންމަގެ ހާލު މިހާރު ރަނގަޅުތަ” އަސްމަހާނު ގޮތްދައްކަމުން އަހާލިއެވެ.

“ކުޑަކޮށް، އަޅުގަނޑު މިދަނީ ހޮސްޕިޓަލަށް ދާންވެގެން” ޝަދަފު މަޑުމަޑުން ބުނެލިއެވެ.

“އެއްވެސް ފައިސާއެއް ބޭނުންވޭތަ، ކިހާވަރެއް ދޭންވީ، އެމީހުން ފައިސާ ބޭނުންވާނެކަންނޭނގެ މިކަހަލަ ވަގުތެއްގައި” އަސްމަހާނު މިހެން ބުނިއިރު އޭނާގެ ހިތުގައި އޮތީ ކޮންމެހެން އެހީތެރިކަމެއް ފޯރުކޮށްދިނުމުގެ ނިޔަތެއްނޫނެވެ. އެކަން ޝަދަފަށް ވިސްނައެއް ނުގަނެވުނެވެ.

“އިޒޫ ބުނި ބޭރަށްދާވަރަށް ފައިސާ އެބަހުއްޓޭ، ފަހަރެއްގައި ބުނަން ނުކެރިގެން ވެސް ހުރެދާނެ، މަންމަ، އިޒޫއަށް އެހީތެރިވެދޭނަންތަ، އެކަމަކު ބައްޕަ ގާތުގައި އައްސަވަންވާނެއެންނު” ޝަދަފު ކުޑަކޮށް ހައިރާންވިއެވެ.

“ބައްޕަގާތު ނަންގަންނާނީ ފަހުން، މިވަގުތު މަންމެގެ އެކައުންޓުން ދީފާނަން، ބޭނުންވާ ވަރު މަންމައަށް އަންގާލަދީ” އަސްމަހާނު ހިނިތުންވެލަމުން ބުންޏެވެ.

“ތޭންކްސް މަންމާ، ތޭންކްސް ފޯ އަންޑަރސްޓޭންޑިން…. ޔޫ އަރ ދަ ބެސްޓް މަމް، އައި ލަވް ޔޫ” ޝަދަފު އުފަލުން ބުނެލިއެވެ.

“ކޮންދުވަހަކުން މަންމައާ ބައްދަލުކޮށްދޭނީ، ކައިވެނި ކުރަން ހަމަޖެހިފައި އޮތްއިރު ބައްދަލުކުރަންވާނެ އެންނު” އަސްމަހާނު ބުންޏެވެ.

“އިޒޫގެ މަންމަ ގެއަށް ފޮނުވާލީމަ މިގެއަށް ގެންނާނަން، މަންމަ ގާތު ބުނެފައި ގެންނާނީ ވެސް، މަންމާ، އަޅުގަނޑު ދެން ހޮސްޕިޓަލަށް ދިޔަޔަސް އެންމެ ރަނގަޅުތޯ؟” ޝަދަފު މިހެން ބުނުމާއިއެކު އަސްމަހާނު ބޯޖަހާލިއެވެ.

“މަންމައަށް ވެސް ވާނުވާ އަންގާލަދޭތި، ކޮންހޮސްޕިޓަލެއްގައި އޮތީ” އަސްމަހާނު، ޝަދަފާއިއެކު އެކޮޓަރިން ނުކުންނަމުން އަހާލިއެވެ. ޝަދަފު ޢިޒްވާގެ މަންމަ ބާއްވާފައި އޮތް ހޮސްޕިޓަލުގެ ނަމާއި އޮތްވޯޑަށް ދަންދެން ކިޔައިދިނެވެ. އަދި ގެއިން ނުކުމެގެން ދިއުމުގެ ކުރިން ޝެލީން ހޯދިއެވެ. އޭނާ ގާތު މެންދުރުގެ ކެއުމަށް ހަދާފައި ހުރި ވައްތަރުތައް ތަށިބަރިއަކަށް އަޅައިދިނުމަށް އެދުނެވެ. އެކަން އަސްމަހާނަކަށް ނޭނގެއެވެ. ޝަދަފު އެކަން އަސްމަހާނަށް އަންގަން ބޭނުންނުވީއެވެ. އަވަސް އަރުވާލާފައި ތަށިބަރި ހިފައިގެން ގެއިން ނުކުމެގެން އައެވެ.

“ތޭންކްސް ނާވާ” ނަވާލުގެ ކާރުގައި އައިސް ހޮސްޕިޓަލުގެ ދޮރުމައްޗަށް މަޑުކޮށްލުމުން ޝަދަފު ބުންޏެވެ.

“އެނީޓައިމް، ބޮޑުކަމެއް ވަންޏާ އަންގާލައްޗޭ، އަހަރެން ޖޭޒްއަށް ގުޅިން، އޭނަ ކިޔައިދިން އިޒޫގެ މަންމަގެ ހާލު ރަނގަޅުވަމުން އަޔަސް ވަރަސް ރިސްކުބޮޑުކަން، ޑިފީ، މިވަގުތު އިޒޫއަށް ޑިފީގެ އެހީތެރިކަން ވަރަށް ބޭނުންވާނެ، ވަރަށް އެކަނިވެރި އަންހެންކުއްޖެއްހެން ހީވަނީ، އަދި ބުނަން، އަހަންނަށް ޑިފީގެ ހޮވުން ވަރަށް ކަމުދޭ، ސޯ ޑޯޏްޓް މޭކް ހަރ ކްރައި” ނަވާލު، ޝަދަފުގެ ކޮނޑުގައި ޖަހާލަމުން ހީނލިއެވެ.

“ވާހަކަދައްކާލަން ފަހުން ދިމާވެލާނީ ދޯ” ޝަދަފު ހިނިއައިސްފައި މިހެންބުނެ ކާރުން ފައިބައިގެން ހޮސްޕިޓަލުގެތެރެއަށް ވަދެގެން އައެވެ.

“އިޒޫ…” އެނދުގައި ބޯއަޅާލައިގެން އޮތް ޢިޒްވާއަށް ވަރަށް މަޑުމަޑުން ޝަދަފު ގޮވާލިއެވެ. ލޯމަރާލައިގެން އޮތް ފަރުޝާއަށް ބަލަމުންނެވެ.

“ޝަދަފު” ޢިޒްވާ ގޮނޑިން ތެދުވިއެވެ. އެވަގުތު ޝަދަފު އޭނާ ގެނައި ތަށިބަރި ޢިޒްވާއަށް ދިއްކޮށްލިއެވެ. ހަމައެއާއިއެކު އެނދުގައި އޮތް ފަރުޝާ ވެސް ލޯހުޅުވާލިއެވެ. ހާސްވެފައި ހުރި ޝަދަފަށް ފަރުޝާ ބަލާލަމުން ހިނިތުންވެލިއެވެ.

“މަންމަ ބުނީ ޝަދަފާއި ވާހަކަދައްކާލަން ބޭނުމޯ” ލުއި ހިނިތުންވުމަކާއިއެކު ޢިޒްވާ، ފަރުޝާ އާއި ޝަދަފަށް ބަލާލަމުން ބުންޏެވެ. ބޯޖަހާލަމުން ހިތްއަވަސްވެފައި ހުރެ ޝަދަފު އައިސް ޢިޒްވާ އިށީނގެން އިނދެފައި ތެދުވި ގގޮނޑީގައި އިށީނެވެ. އަދި ފަރުޝާ އާއި ބޮޑަށް ގާތްވެލީ އޭނާ ބުނަންއުޅޭ އެއްޗެއް އަޑުއެހުމުގެ ޝައުގުވެރިކަން ހުރިލެއްބޮޑުކަމުންނެވެ. ފަރުޝާ ހިނިތުންވެލައިގެން އޮވެ ޢިޒްވާއަށާއި ޝަދަފަށް ބަލާލަމުން އޮކްސިޖަން މާސްކު ތިރިކޮށްލިއެވެ.

“މާސްކު ނުނެގިޔަސް އަޅުގަނޑަށް އަޑުއިވޭނެ، ޑޮކްޓަރު ވިދާޅުވީ ހުރިހާ ވަގުތެއްގައި ވެސް އޮކްސިޖަން ބޭނުންވާކަމަށް” ޝަދަފު މަޑުމަޑުންބުނެލިއެވެ. އެހިނދު ފަރުޝާ ލުއިހިނިތުންވުމަކާއިއެކު ޝަދަފުގެ އަތުގައި އަތްޖައްސާލަމުން ލޯމަރާލީ ރަނގަޅުވާނޭ ކަމުގައި ބުނާފަދައިންނެވެ.

“ޝަދަފް، ކައިވެންޏެއް ކުރުމަކީ ވަރަށް ފަސޭހަކަމެއް، އެކަމަކު އެކައިވެނިމަތީ ދެމިހުރުމަށްޓަކައި ވަރަށް ހިތްވަރާއި ކެތްތެރިކަން ބޭނުންވޭ، ދުނިޔެއަކީ އަބަދުއެއްގޮތަކަށް އޮންނާނެތަނެއްނޫން، ތިދެކުދިން އެކަކުއަނެކަކާ ގުޅެން ބޭނުންވާވަރު މަންމަގެ ލޮލަށް ފެނޭ، ޒުވާންކަމުގެ ޖޯޝުގައި ކަންކަންނިންމަން ވަރަށް ފަސޭހަވާނެ، އެކަމަކު ރަނގަޅަށް ވިސްނާފައި ނޫނީ ތިހާ ބޮޑު ފިޔަވަޅެއް ނުނަގާށޭ މަންމަ ބުނާނީ، ކައިވެނީގެ ގުޅުމަކީ ހަމައެކަނި ދެހަށިގަނޑުގެ ގުޅުމެއްނޫން، އެއަށްވުރެ މާމާތް ގުޅުމެއް އެއީ، ކޮންމެ އުފަލަކާ، ލިބޭ ކޮންމެ ހިތްދަތިކަމެއްގައި އެކުގައި އެންމެ ގާތުގައި ހުންނާނީ އަނބިމީހާ، ނޫނީ ފިރިމީހާ، ތިދެކުދިންނަކީ ފަރަޤުގެ ގޮތުން ބަލާނަމަ ވަރަށް ތަފާތު ދެމާހައުލަކުން އައިސްފައިވާ ދެކުދިން، މަންމައަށް އެނގޭ ހިތުގައި އުފެދޭ ލޯތްބޭ މިކިޔާ ޖަޒުބާތަކީ އެފަދަ ތަފާތުތަކާއިމެދު އިންސާނާ ހަނދާންނައްތުވާލާ އިޙުސާސެއްކަން، އެހެންވިޔަސް، ޝަދަފު ކައިވެނިކުރަން ތިނިންމީ ވަރަށް ވިސްނާފަތަ، ޢާއިލާގެ މީހުން ގާތު މިހާރު ބުނެފިންތަ؟” ފަރުޝާ ލަސްލަހުން ލަފުޒުތައް އަތުރާލިއެވެ.

“އަޅުގަނޑަށް ޢިޒްވާ ވަރަށް ކަމުދޭ، ކައިވެނިކުރަން ބޭނުންވަނީ އުމުރުގައި ބާކީ އޮތްދުވަސްތައް ޢިޒްވާއާއެކު ހޭދަކުރަން ބޭނުންވާތީ، އަޅުގަނޑު ޢިޒްވާއަށް ދެރަގޮތެއްނުހަދާނަން، އަޅުގަނޑުގެ ޢާއިލާގެ މެންބަރުން ތިބީ ޢިޒްވާ އާއި ބައްދަލުވާނޭއިރެއްގެ އިންތިޒާރުގައި، އަޅުގަނޑުގެ އުފާތަކަށް އެމީހުން ހުރަސްއަޅާކަށް ބޭނުމެއްނުވާނެ، އަޅުގަނޑަށް އެނގޭ އިޒޫގެ މަންމައާ ދުރުވާކަށް ބޭނުންނުވާކަން، އަޅުގަނޑަށް އެގޮތް ވެސް ކަމުދޭ، އިޒޫ ބޭނުންނޫންކަމެއް ކުރާކަށް މަޖުބޫރެއްނުކުރާނަން، ބޭނުންވަނީ އިޒޫ މަންމަގެ ރުހުން، ވީހާ ވެސް އަވަހަކަށް ކައިވެނީގެ ކަންތައްތައް ނިންމަން ބޭނުން، އެހެންނަމަވެސް މިހާރު ބޭނުންވަނީ އިޒޫ މަންމަ ރަނގަޅުވީމާ ކައިވެނީ ކުރަން” ޝަދަފު އޭނާގެ ހިތުގައިވާ އެއްޗެއް އެއްވެސް ފޮރުވުމެއްނެތި ބުންޏެވެ. ފަރުޝާއަށް އެގޮތް ވަރަށް ކަމުދިޔައެވެ. ޝަދަފު، ޢިޒްވާދެކެ ލޯބިވާވަރު ޚުދު ފަރުޝާއަށް ވެސް އެނގިގެންދިޔައެވެ.

“މަންމަގެ ރުހުންވަނީ އަބަދުވެސް ތިޔައިގެ ދެކުދިންނާއެކު، ޝަދަފުގެ ޢާއިލާގެ މީހުން ޢިޒްވާ ޤަބޫލުކުރަންޏާ ތިދެކުދިން ގުޅުމަށް އެއްވެސް ހުރަހެއް އޮތްކަމަކަށް މަންމައަކަށް ނުފެނޭ، ކައިވެނީގެ ކަންތައްތައް ތައްޔާރުކުރަން މަންމައަށް ފެންނަނީ، މިބަލި އެނދުގައި މަންމައަށް އޮންނަން ޖެހޭނީ ކިހާ ދުވަހަކުކަމެއް އެނގެނީއެއްނޫން، ޑޮކްޓަރުން މަންމަ ރަނގަޅުވަމުން އަންނަ ވާހަކަ ބުންޏަސް، މަންމައަކަށް ހިޔެއްނުވޭ ރަނގަޅުވާހެނެއް، މަންމަ ވެސް ބޭނުން ޢިޒްވާ ކައިވެނިކުރާ ދުވަސްދެކެން” ފަރުޝާ މިހެން ބުނަމުން ބަލިގޮތަކަށް އެނދުގެ އަނެއްފަރާތުގައި ހުއްޓިލައިގެން ހުރި ޢިޒްވާއަށް އަތްދިއްކޮށްލިއެވެ. އެއަތުގައި ލަހެއްނުވެ ޢިޒްވާ ހިފީ ހިނިތުންވެލައިގެން ހުރެއެވެ. ފަރުޝާ އޭނާދެކެ ވާލޯބި އަގުވަޒަން ކުރެވޭ ހާލުގައެވެ.

ދަންވަރުގެ ވަގުތުގައި މުޅި ހޮސްޕިޓަލް ވެސް އޮތީ ފަޅުވެފައެވެ. ދޭތެރެއަކުން އެނދުތަކުގައި ތިބި ބަލިމީހުންގެތެރެއިން މީހަކު ކެއްސާއަޑުއިވެއެވެ. ހުދުބެޑުޝީޓުގެ ދަށުގައި އޮކްސިޖަން މާސްކު ގުޅާފައި އޮތް ފަރުޝާގެ ދެލޯ އޮތީ މެރިފައެވެ. އޭނާގެ ގާތުގައި އެނދުގެ އަރިމަތީ ބޯއަޅާލައިގެން ދަރިފުޅު ޢިޒްވާ އޮތެވެ. މިރޭ ޝަދަފު ހުރުމަށް ޢިޒްވާ އެއްގޮތަކަށް ވެސް ޤަބޫލެއްނުވިއެވެ. ޝަދަފުގެ މައިންބަފައިން އެކަމާ ހިތްހަމަނުޖެހޭކަން އެނގޭތީއެވެ. ކުއްލިއަކަށް ނިދިފައި އޮތް ފަރުޝާގެ ފައިކޮޅަށް ފިނިގެންދިޔަހެން ހީވިއެވެ. އަދި މެޔަށް ބަރުވިހެން ވެސް ހީވެގެންދިޔައެވެ. ފުންނޭވާއެއް ލަމުން ލޯހުޅުވާލި ފަރުޝާ ގާތުގައި ބޯޖަހާލައިގެން އޮތް ޢިޒްވާއަށް ބަލާލިއެވެ. ހިތްހަމަޖެހުމުގެ ހިނިތުންވުމެއް އޭނާގެ ތުންފަތުގައިވެއެވެ. މަޑުމަޑުން ދަރިފުޅުގެ ބޮލުގައި ފިރުމާލިއެވެ. އެހިނދު ސިހިފައި ޢިޒްވާއަށް ބަލާލެވުނެވެ.

“ކިހިނެއްވީ މަންމާ” ޢިޒްވާ އަހާލިއެވެ.

“ދަރިފުޅާ، މިދުނިޔެއަކީ ވަގުތީ ގޮވައްޗެއް، މަރަކީ ކޮންމެ ދިރިހުރި އެއްޗަކާއި ބައްދަލުކުރާނޭ އެއްޗެއްކަން ޔަޤީން، ވީއިރު މަންމަ ދަރިފުޅަށް ދިން ހެޔޮ ތަރުބިއްޔަތުގައި ހިފާތި، މަންމަނެތްދުވަހަކުން ވެސް، ދަރިފުޅަކީ ހިތްވަރުގަދަ ކަންކަމާ ކެތްތެރިވާ ފަދަ ދަރިއެއްގެ ގޮތުގައި ހުންނާތި، ކައިވެނި ކުރަން އުޅޭއިރު ހެޔޮ ދުޢާ ފިޔަވާ މިމަންމަގެ ހުރި ހަމައެކަނި ދަރިފުޅަށް ދޭނޭ ހަމައެކައްޗެއް ވެސް ނެތް، ޝަދަފުގެ މައިންބަފައިންނަށް ހެޔޮކޮށްހިތާތި، އެމީހުންނަށް އިހުތިރާމާއި ޤަދަރުކުރާތި، ކޮންމެ ހާލެއްގައިވިޔަސް ﷲ އަށް ޝުކުރުވެރިވާ ދަރިއަކުކަމުގައިވާތި…. ޝަދަފަށް ދަރިފުޅު ކަމުދިޔައީ ދަރިފުޅުގެ އަތުގައި ބައިވަރުތަކެއް އޮވެގެންނޫންކަން މަންމައަށް އެނގޭ، އޭނާއަކީ ސާފު ތެދުވެރިހިތެއްގެ ޒުވާނެއް، މިހާރު އެފަދަ ޒުވާނުން ވަރަށް މަދުވާނެ، ކައިވެންޏަށްފަހު އަނބިމާހާއަކީ ފިރިމީހާގެ ފޭރާންކަމުގައިވެގެންދޭ، ދަރިފުޅާ، އަބުރުވެރި އަންހެނެއްގެ ގޮތުގައި މުޅިއުމުރު ވޭތުކުރާތި…” ފަރުޝާގެ ވާހަކަތައް އިތުރަށް އަޑުއަހާކަށް ޢިޒްވާއަށް ކުޅަދާނައެއްނުވިއެވެ. އޭނާ ފަރުޝާގެ އަތްތިލާގައި ދެއަތުން ހިފާ ބާރުކޮށްލުމާއިއެކު ރޯން ފެށިއެވެ.

“މަންމާ، ތިހެން ވާހަކަނުދައްކަބަލަ، މަންމަ ތިހެންވާހަކަދެއްކީމާ ހީވަނީ އަހަންނާ ވަކިވާން އުޅޭހެން” ޢިޒްވާ ރޮމުން ބުނެލިއެވެ.

“ދަރިފުޅާ، މަންމަގެ ބައްޔަކީ ޝިފާއެއްނެތް ބަޔެއް، މަޑުމަޑުން ހުރެ ބަލިމިދަނީ ބޮޑުވަމުން، މިހާދުވަހު މަންމަ ވިސްނީ ދަރިފުޅަށް ވާނޭގޮތަކާއިމެދު، އެކަމަކު މިއަދު މަންމަގެ ހިތަށް ހަމަޖެހުންލިބިއްޖެ، މަންމަ ދުނިޔޭގައިނެތަސް ދަރިފުޅަށް އަޅާލާނެ މީހަކު އެބަހުރިކަން މިހާރު އެނގިއްޖެ، ޝަދަފު، ދަރިފުޅު ވަރަށް އުފަލުގައި ބަހައްޓާނެކަން ޔަޤީން، ދެން ނުރޮއެ، މަންމަ އުފާވެފައި ހުރިވަރު އެނގޭނަމަ ދަރިފުޅު ތިގޮތަކަށް ނުރޯނެ، ޢިޒްވާ، ބަލާލަބަލަ މަންމައާ ދިމާލަށް” ފަރުޝާ ލަސްލަހުން ބުންޏެވެ.

“މަންމަ އުފާވާފަދަ ޚަބަރަކަށް އަހަރެންގެ ކައިވެނިވީތީ އަހަރެން ވެސް އުފާވޭ، އެކަމަކު މަންމަ ތިކަހަލަ ވާހަކަދެން ނުދައްކަބަލަ، މަންމާ، އަހަރެން ބޭނުންވަނީ އަހަރެންގެ ކައިވެނި ކުރެވޭއިރު އަހަރެންގެ ގާތުގައި މަންމަ ވެސް ހުރުން، އަހަރެން މަންމައާ ވަކިވާކަށް ބޭނުމެއްނޫން، ކައިވެނިކުރުމަށްފަހު ވެސް އަހަރެން ހުންނާނީ މަންމަގެ ޚިދުމަތުގައި، މަންމައަށް އެއްވެސް ކަމެއް އުނިވިޔަކަ ނުދޭނަން، މަންމާ، އާހިތްވަރަކާއިއެކު އަހަންނަށްޓަކައި މިބަލި އެނދުން ތެދުވަން މަސައްކަތްކުރޭ، މަންމައާނުލާ އެއްވެސްކަމެއް ފުރިހަމައެއްނުވާނެ، އަހަރެންގެ ކޮންމެކަމެއްކޮށްދިނުމަށް ހުރީ ހަމައެކަނި މަންމައެންނު… އަވަހަށް ރަނގަޅުވެގެން އަހަންނާއިއެކު ގެއަށްދާން ހިނގާ، މިތަނުގައި މަންމަ ބާއްވާކަށް އަހަރެން ބޭނުމެއްނޫން” ޢިޒްވާ ވާހަކަދެއްކިއެއްކަމަކު އޭނާއަށް ރޮވެނީއެވެ. ފަރުޝާ އޭނާ ދޫކޮށްދާންއުޅޭހެން ހީވެގެންނެވެ.

ފަރުޝާ ދަރިފުޅުގެ ބޮލުގައި ފިރުމާލުމާއިއެކު ހިނިތުންވެލަން މަސައްކަތްކުރިއެވެ. އޭނާގެ މޭގައި އަޅަމުންދާ ވޭން ސިއްރުކުރުމާއިއެކު ލަހެއްނުވެ ދަރިފުޅާއިއެކު ގެއަށް ދިއުމަށް ބޭނުންވާ ވާހަކަދައްކަންފެށިއެވެ. ޢިޒްވާގެ ހިތުގައި ޖެހިދާނޭފަދަ އެއްވެސް ކަމެއް އޭނާ ކުރާކަށް ބޭނުމެއްނޫނެވެ. ދަރިފުޅުގެ ލޮލުން ކަރުނަހިލުމަކީ އޭނާގެ ހިތަށްކެތްވާވަރުކަމެއްނޫނެވެ. އެންމެފަހުން ދެލޯފޮހެލުމާއިއެކު ޢިޒްވާ ރުއިން ހުއްޓާލިއެވެ. އަދި އޭނާ ފަރުޝާގެ އައިވީގުޅާފައި އޮތް އަތުގައި ފިރުމާލަ ފިރުމާލަ އިނީ އިތުރަށް ލޯމަރާލަން ނުކެރިފައި އިންހެނެވެ. އެހާ ކުޑަކުޑަ ހިނދުކޮޅެއްގެތެރޭ ވެސް ފަރުޝާއަށް ގޮތެއްވެދާނޭތީ ޢިޒްވާ ބިރުގަނެވެ. ފަތިސްވަމުން އައިރު ނުނިދާންއިން ޢިޒްވާ ވެސް ތާއްޔާޖެހިޖެހި އިންދާ ސިހިގެންދިޔައީ ފޯނު ވައިބްރޭޓްވެގެން ތެޅިގަތްގޮތުންނެވެ. އަވަސް އަވަހަށް ދެލޯ ބޮޑަށް ހުޅުވާލަމުން ފޯނަށް ބަލާލިއެވެ.

“ހެލޯ، ހާމިޒުބޭ” ޢިޒްވާ ފޯނު ގެނެސް ކަންފަތުގައި ޖައްސާލިގޮތަށް ބުންޏެވެ.

“މިވަނީ ހޮސްޕިޓަލުތެރެއަށް، ބޭބެ ބަލާއައީމަ އެންނު ވޯޑާހަމައަށް ދެވޭނީ” ޢިޒްވާގެ ފޯނުން ހާމިޒު މިހެންބުނި އަޑުއިވުނެވެ.

“ފެންނަ ހިސާބުގައި މަޑުކޮށްލާ، މިދަނީ ބަލާ” ޢިޒްވާ، ފަރުޝާއަށް ބަލާލާފައި މަޑުމަޑުން ގޮނޑިން ތެދުވިއެވެ. ފޯނުކޯލު ނިންމާލުމާއިއެކު އޭނާ ހޮސްޕިޓަލުގެ ފާސް ހިފައިގެން ހާމިޒު ހުރި ހިސާބަކަށް ދިއުމަށް ހިނގައިގަތެވެ.

“ކޮބާ، މަންމަގެ ހާލުކިހިނެއް، ރަނގަޅުވާހެން ހީވޭތަ” ހާމިޒުއަށް ހަނާއަޅާލި ޢިޒްވާގެ ގާތަށް އައިސް އޭނާ އާއިއެކު ހިނގައިގަންނަމުން ވާހަކަދައްކަންފެށިއެވެ.

“ރަނގަޅެއްވެސް ނޫން، އެކަމަކު މިވަގުތަށް އިރާދަކުރެއްވީތީ ގޯހެކޭ ވެސް ނުބުނެވޭނެ” ޢިޒްވާ އިސްޖަހާލައިގެން ހުރެ ބުނެލިއެވެ.

“ދެން އެހެންވީރު ރާއްޖޭން ބޭރަށް ގެންދެވޭތޯ އުޅެންވީނު، ނަސީބު ރަނގަޅުކަމުން ޢިޒްވާއާ ގުޅުނީ، ރޭގައި މާލޭ ފަޅަށްވަނީ، ދޯނިން ފޭބުނީ މިއަދު، މީހަކު ގާތަށް ވެސް ގޮސްފައި މިއައީ، އެހީއެއްލިބޭތޯ، ކީއްކުރާނީ، އެކަން ވެސް ވާގޮތެއްނުވި” ހާމިޒު ދެރަވެލާފައި ބުންޏެވެ. އެއާއިއެކު ޢިޒްވާ ފޫހިވެފައި ތުންފިއްތާލުމާއިއެކު ދެބުމަގޮށްޖަހާލިއެވެ.

“ހާމިޒުބެ ދޮގުހަދަންވީ ކީއްކުރަން، އަހަންނަށް އެނގޭ ރަށުގައި ހުރެފައިކަން އެއައީ، ހަނާކޮއްކޮ އަހަރެން ގާތު ބުނިވިއްޔާ ބައްޕައުޅެނީ ހެދުން ގަންނަން މާލެދާންށޭ، މަންމަގެ މައްޗަށް އެމީހުންގެ ހިތުގައި ކުޑަވެސް ރަހުމެއް ހުރިނަމަ މިގޮތަށް ކަންތައްކުރާކަށް ނުކެރުނީސް، ހިތައްއަރާ މަންމަ ކީއްވެބާއޭ ހުރިހާކަމެއް އެނގިހުރެވެސް ހާމިޒުބެ އެހާ ގާތްކޮށްގެން ގެންގުޅެނީ” ޢިޒްވާގެ ހާސްވެފައިވާ ސިކުނޑީގެ ތެރޭގައި އޭނާގެ ޟަމީރުގެ އަޑު ހަރުލައިގެން ދިޔައެވެ.

“ވަރަށް ދެރަވެފަ ދޯ ތިހުންނަނީ، ބޭބެ ވެސް ކުރެވެން އޮތްކަމެއްވިއްޔާ އެބަކުރަން، އަދި ބޭރަށްގެންދެވޭވަރު ނުވަނީ، މިކޮޅުގައިތިބޭ ޑޮކްޓަރުން ވެސް ވަކި ދެރައެއްނުވާނެ، ކޮއްކޮ މާބޮޑަށް ހާސްނުވޭ، އިރާދަކުރެއްވިއްޔާ މަންމަ ރަނގަޅުވާނެ” ހާމިޒު މިހެން ބުނެލާފައި ޢިޒްވާއަށް ބަލާލިއެވެ. ނަމަވެސް ޢިޒްވާ އެއްވެސް އެއްޗެއް ނުބުންޏެވެ.

* * * *

ގޭގެ އެހެންމެންބަރުންނަށްވުރެ ކުރިން ނާސްތާކޮށްގެން އޮފީހަށް ދިއުމަށް ނުކުންނަ ތަރަފް މިއަދު ސައިބޯން ނޫޅެ ބޮޑުކޮޓަރީގައި ނޫސްހިފައިގެން ކޮފީތައްޓެއް ބޯން އިނެވެ. މިކަމާ ސުވާލެއްނުކޮށް އަސްމަހާނަކަށް ނުހުރެވުނެވެ. އެހެންވެ ބޮޑުކޮޓަރީގައި ތަރަފް އިން ގޮނޑީގެ ކުރިމައްޗަށް ހުރި ދިގުސޯފާގައި އިށީނދެ އެއްފައިމައްޗަށް އަނެއްފައިލަމުން ނިކަން އަސަރުހުރި ގޮތަކަށް ތަރަފަށް ގޮވާލިއެވެ.

“މިއަދު އޮފީހަށް ނުދުރުވާ ދުވަހަކީތޯ؟” އަސްމަހާނު މިހެން ބުނުމުން ތަރަފް ބަލާލިއެވެ. އެއާއިއެކު ލުއިގޮތަކަށް ހިނިތުންވެލިއެވެ.

“އަސްމާ މިއަދު ހާދަ ރީއްޗޭ، ދުވަސްވާ ވާހެން ހީވަނީ ޒުވާން ވާހެން، އަހަރެންގެ ހިތާކުޅެލަން އަސްމާވަރެއް އަދިވެސް ނެތް” ތަރަފް މިހެން ބުނުމުން ނޫކަށިފުރައިގެ އަންހެންކުއްޖެއްފަދައިން ތުއިވެލިއެވެ.

“ދެން ތަރަފް ވެސް ދޯ، ތިކަހަލަ ވާހަކަނުދައްކަވާ، ނިކަން މިއަދުގެ ޕްލޭން ކިޔާދެއްވަބަލަ” އަސްމަހާނު ބުންޏެވެ.

“ކުދިން ހޭލައިގެން އަންނަންދެން މިމަޑުކުރަނީ، ޝަދަފު ގޮވައިގެން މިއަދު ދާންވެގެން މިއުޅެނީ، ރަސަލް ވެސް ރޭގައި ބުނި މިއަދު ޝަދަފު ގޮވައިގެން އައިސްދިނުމަށް، އަނެއްކާ ވެސް ކޮންމެ ވެސް އެއްޗެއް އެކުއްޖާއަށް ދޭންކަންނޭނގެ އެއުޅެނީ، އަހަރެން ބުނެފިން ޝަދަފު ބޮޑުވެފައި ހުއްޓެއްކަމަކު އަދި އެފަދަ ޒިންމާތައް އުފުލާކަށް އޭނާއަކަށް ނޭނގޭނޭ، ސަފާރީ ދިންއިރުގައި އޭތި ބަލަހައްޓަން ކުރަންޖެހޭނެ އެއްވެސް ކަމެއް ޝަދަފަށް ނޭނގޭ، ރަސަލްގެ ވެސް ހުންނަނީ ޅަކުދިންގެ ޚިޔާލު، ހަމަތެދެއްމިބުނީ އަސްމާ” ތަރަފް ކިޔަންއިން ނޫސް ލައްޕާލާފައި ކޮފީ މޭޒުމަތީ ބާއްވާލިއެވެ.

“ދެން އެކަމަކު ރަސަލް ދެއްވާހިތުން އުޅެންޏާ އެކަން މަނާކުރާކަށް ވެސް ނުވާނެއެންނު، މިދުވަސްކޮޅު ޝަދަފު ގޭގައި ބެހެއްޓުމަށްވުރެ އޭނާ އާއި ކޮންމެވެސް ކަމެއް ހަވާލުކުރުން ރަނގަޅުކަމަށް އަޅުގަނޑަށް ވެސް ފެނޭ” އަސްމަހާނު ވަރަށް ވިސްނާލާފައި ބުންޏެވެ.

“ޝަދަފު މަސައްކަތެއް ކުރަން ބޭނުންނުވަންޏާ އަދި އަހަރެން ވެސް ބޭނުމެއްނޫން އޭނާ ލައްވާ މަސައްކަތެއް ކުރުވާކަށް، އެކަމަކު ކައިރީގައި ގެންގުޅެން ކަންނޭނގެ އަހަރެން މިކުރާ މަސައްކަތްތައް ޝަދަފަށް ދަސްވާނީ ވެސް، ކޮންމެވެސް އެއްކުއްޖަކު ވާނެތާ މިވިޔަފާރީގެތެރޭގައި ވެސް އުޅެން، މިހާރު ބަލާ މަންސޫރުގެ ޒައުލް، އެސޮރު ހާދަ ހުޝިޔާރޭ، މަންސޫރަށް މިހާރު ނުޖެހޭ ވިޔަފާރީގެތެރޭގައި އުޅޭކަށް، އެއްކޮށް އެހުންނަނީ ގޭގައި، އެސޮރު ހުރިހާ ކަމެއް އެބަލަހައްޓަނީ، މަވެސް ބޭނުން ޝަދަފު އަހަރެންގެ ވިޔަފާރި އާއި ހަވާލުވެގެން އުޅޭ ދުވަހެއް ދެކެން” ތަރަފް ޚިޔާލީ ގޮތަކަށް ބުނެލިއެވެ.

“ތަރަފް ތިބުނުއްވީ ދޮގުވާހަކައެއްނޫން، ޝަދަފު ހަރުދަނާ ވާނީ ވެސް އޭނާ ތަރަފްގެ ގާތުގައި މަސައްކަތުގައި ގެންގުޅުނީމާ” އަސްމަހާނުގެ ސިކުނޑީގައި އޮތް އެޖެންޑާ ތަރަފްގެ ޚިޔާލުގައި އޮތް އެޖެންޑާއާ ހާސްބައިތަފާތެވެ.

ނިދިން ލޯހުޅުވާލެވުމާއިއެކު ޝަދަފު ގުޅީ ޢިޒްވާއަށެވެ. އޭނާ އާއި ފަރުޝާގެ ހާލު ކިހިނެއްތޯ އެހިއެވެ. ޢިޒްވާގެ ބޮޑުބޭބެ ހާމިޒު އައިސްގެން އުޅޭކަން އެނގުމުން ޝަދަފަށް ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ލިބުނެވެ. އެދެމައިންނާއިއެކު ފިރިހެނަކު ހުންނާނޭކަން އެނގުނީމައެވެ. މިއަދު ޝަދަފު ބޭނުންވަނީ އަސްމަހާނުގެ ގާތުން އެހީއަކަށް އެދުމަށެވެ. ޢިޒްވާގެ މަންމަ ބޭރަށް ފޮނުވުމަށް އެހީތެރިވުމުގެ ގޮތުންނެވެ. ޢިޒްވާއަށް އެނގިއްޖެއްޔާ އެކަން މަނާކުރާނެކަން ޝަދަފަށް އެނގޭތީވެ ގަސްދުގައި އެކަން އޭނާ ޢިޒްވާއަށް ސިއްރުކުރީއެވެ. ހެނދުނު ސައިބޮއެގެން ހޮސްޕިޓަލަށް ދާނޭ ކަމަށް ބުނަމުން ޝަދަފު ފޯނު ބޭއްވިއިރު އޭނާގެ ދުވަހުގެ ތާވަލު އެހެންބަޔަކުވަނީ ރާވާފައިކަން އެނގުނީ ސައިބުއިމަށް މޭޒުދޮށަށް ދިއުމުންނެވެ. ތަރަފްގެ އެދުމަކަށް ދެކޮޅު ހަދާކަށް ނުކެރުނެވެ. އަނެއްކޮޅުން ޢިޒްވާގެ ވާހަކަ އަސްމަހާނު، ތަރަފްގެ ގާތުގައި ދައްކާފައި އޮންނާނެކަމަށް ޝަދަފު ހީކުރި ހީކުރުން ވެސް ރަނގަޅެއްނުވިއެވެ. ގައިމު އަސްމަހާނު، ޢިޒްވާގެ ވާހަކަ ތަރަފް ގާތު ދެއްކިނަމަ އޭނާ ޝަދަފަށް ހޮސްޕިޓަކަށް ނުދެވޭފަދަ ގޮތަކަށް އެއްވެސް ކަމެއް ނުރާވާނެއެވެ. ޝަދަފު ޕާންފޮތި އަނގަޔަށްލަމުން އަސްމަހާނާއި ދިމާލަށް ބަލާލީ އޭނާ ހަޤީޤަތުގައި ތަރަފް އާއިއެކު ދާކަށް ބޭނުމެއްނެތޭ ބުނާފަދަ ގޮތަކަށެވެ. ފަހަރެއްގައި އަސްމަހާނަށް ޝަދަފު ބުނަންއުޅޭ އެއްޗެއް ވިސްނި ތަރަފަށް ހުރަސް އަޅާފާނެކަމުގެ އުންމީދުގައެވެ. ނަމަވެސް ހުރިހާ އުންމީދެއް ފެނަށްވީއެވެ. ސައިބޮއެގެން ތަރަފް އާއިއެކު ޝަދަފު ދިއުމަށް އޭނާ ތައްޔާރުވާން ކޮޓަރިއަށް ދިޔައެވެ. ލޯގަނޑުކުރިމަތީހުރެ ތައްޔާރުވަމުން ދިޔައިރު އޭނާގެ ސިކުނޑީގައިވަނީ ޢިޒްވާގެ ޚިޔާލެވެ. ޢިޒްވާ ގާތަށް ދެވެންނެތް ވާހަކަ ބުނާކަށް ބޭނުމެއްނުވިއެވެ. ޝަދަފުގެ ހިތަށްއެރީ ދޭތެރެއަކުން ވަގުތެއް ހޯދާލައިގެން ހޮސްޕިޓަލަށް ދާންށެވެ.

ބަސްމަދުވެފައި ހުރެ ތަރަފްއާއިއެކު އޭނާގެ ކާރުގެ ފަހަތު ސީޓަށް އަރާ ޝަދަފު ވެސް އިށީނެވެ. ކާރުގެ ދޮރުފަތް ލައްޕާލުމާއިއެކު އުސައިދު ކާރު ދުއްވާލިއެވެ. ތަރަފްއަށް ޝަދަފު ހިމޭންވެފައި އިންތަން ފެނުމުން އެކަމާ ސުވާލުކުރިއެވެ. ނަމަވެސް ޝަދަފު ތެދަށް އެއްވެސް ވާހަކައެއް ކިޔައެއްނުދިނެވެ. އޮފީހަށް ވަދެވުމާއިއެކު ރަސަލްއަށް ޝަދަފު ފެނުނެވެ. އެހިނދު އޭނާ އައިގޮތަށް އައިސް ޝަދަފުގެ ގައިގާ އޮޅުލައިގަންނަމުން ކޮނޑާކޮނޑުޖައްސާ ސަލާމްކުރިއެވެ. އަދި ކުޑަކުއްޖަކާއިމެދު ކަންތައްކުރާ އުސޫލުން ޝަދަފުގެ ނިތްކުރިމައްޗަށް ވެރިފައިހުރި އިސްތަށިތަކާއި ކުޅެލިއެވެ.

މެންދުރުވެގެން ދިޔައިރު ވެސް ޝަދަފަށް ޢިޒްވާއަށް ގުޅާލާނެ ވަގުތެއް ނުލގިބުނެވެ. އަބަދު ރަސަލް ހުންނަނީ އޭނާގެ ގާތުގައެވެ. އެކައްޗެއް ދައްކާލާފައި އަނެކެއްޗެއް ދައްކާލާފައި އޭނާ އުޅެއެވެ. އަދި އޭނާގެ މޭޒުމަތީ ބިއްލޫރި ޝޯކޭސްއަކަށް ލާފައި ހުރި ލޯންޗެއްގެ މޮޑެލް ދައްކާލަމުން ކަމުދޭތޯ ޝަދަފުގެ ގާތު އެހިއެވެ. އޭނާ ލުއިގޮތަކަށް ހީނލަމުން ބޯޖަހާލިއެވެ. ފޫހިވެގެން ގޮސް ޝަދަފު ހުރީ މަރުވާވަރުވެފައެވެ. އެހެންނަމަވެސް ތަރަފްއަށްޓަކައި އޭނާ އެއޮފީހުގައި ކުރާ މަސައްކަތްތައް ބަލަމުންދިޔައެވެ. ތަނުގައި އުޅޭ މުވައްޒަފުންނާއި ބައްދަލުކޮށް ސަލާމްކުރިއެވެ. އެހެންއުޅެނިކޮށް ޢިޒްވާގެ ފަރާތުން މެސެޖެއްލިބުނެވެ.

“ޝަދަފު އަންނާނަމޭ ބުނެފައި ޚަބަރެއްނުވޭ، ކުއްލިގޮތަކަށް ކަމެއްދިމާވީތަ، ފްރީވީމާ އަހަންނަށް އަންގާލައްޗޭ، މިއުޅެނީ މަންމަ ގޮވައިގެން ފުރޭގޮތެއްވޭތޯ، ޓިކެޓު ހަމަޖައްސަން ގުޅައިފިން، އިރުކޮޅަކުން ޔަޤީންވާނީ، ފުރަންޖެހިއްޖެއްޔާ ފުރުމުގެ ކުރިން ޝަދަފާއި ބައްދަލުކުރަން އަހަރެން ބޭނުން” އެއްފަރާތަކަށް ޖެހިލަމުން ޢިޒްވާގެ މެސެޖު ޝަދަފު ކިޔާލިއެވެ.

“އައެމް ރިއަލީ ސޮރީ ބޭބީ، މިއުޅެނީ ބައްޕަގެ އޮފީހުގައި، ކުއްލިގޮތަކަށް އަންނަންޖެހިގެން، ދެން ފަހުން ކިޔާދޭނަން، ފުރަންތިއުޅެނީ، މިހާރު ފައިސާ ހަމަޖެހުނީތަ؟” ޝަދަފު ވަގުތުން މެސެޖުކޮށްލިއެވެ.

“އާން! އެކައުންޓުގައި އެބަހުރި އެވަރަށް، އިރާދަކުރެއްވިއްޔާ މިވަގުތަށް އެފައިސާއިން ވާނެ، ކޮންއިރަކުން އަހަންނާ ބައްދަލުކުރާނީ” ޢިޒްވާ ވެސް ޖަވާބު ދިނީ މެސެޖުންނެވެ.

“ހަތަރެއްޖަހާއިރު ކަންނޭނގެ، ފްރީވިހާ އަވަހަކާ އަހަރެން އިޒޫގެ ގާތަށް ދާނަން، އައި މިސްޑް ޔޫ ސޯ މަޗް، ލަވް ޔޫ” ޝަދަފު ފަހު މެސެޖެއްގެ ގޮތުން ފޮނުވާލިއެވެ. ޖަވާބުގައި ޢިޒްވާ ވެސް ފޮނުވީ އޭނާ ޝަދަފު ދެކޭހިތުން ހުރިވާހަކައެވެ. އަދި ލޯބިވަނީ ހަމައެކަނި ޝަދަފުދެކެ ކަމުގައެވެ.

ފަހެއްޖަހަން އުޅެނިކޮށް ގެއަށްދެވުނު ޝަދަފު ފެންވަރާލައިގެން ނުކުންއިރު ހުރީ ވަރަށް ވަރުބަލިވެ ބަނޑުހައި ވެސް ވެފައެވެ. ކުޑަކުޑައިރުކޮޅަކު އަރާމުކޮށްލާފައި ތެދުވަން އޭނާ އައިސް އެނދުމައްޗަށް ބަންޑުން ވެއްޓިގަތެވެ. އެއާއިއެކު ނިދޭކަށް ގިނައިރެއްނުވިއެވެ. ފުންނިދީގެ ތެރޭގައި ދެފަހަރަކު ފުރޮޅިލާފައި އޭނާއަށް ހަމަހޭވެރިކަމެއްވީ ރޭގަނޑު ނުވައެއްވެސް ޖެހިފަހުންނެވެ. ފުންމައިގެން ތެދުވިގޮތަށް ފާޚާނާއަށް ވަދެ މޫނު ދޮވެލައިގެން ހަލުވިކަމާއިއެކު ޝަދަފު މިސްރާބުޖެހީ ހޮސްޕިޓަލާއި ދިމާލަށެވެ. ގޭތެރެއިން މީހަކާ އަނގައިން ވެސް ނުބުނެ އޭނާ ނުކުމެގެން ދިޔައީ ވަރަށް ސިއްރުންނެވެ.

ޢިޒްވާއަށް ޝަދަފު ގުޅީ ހޮސްޕިޓަލަށް އައިސްފައެވެ. އޭރު ހާމިޒު ވެސް ހޮސްޕިޓަލުގައި އިނެވެ. ޢިޒްވާ މަޑުމަޑުން ފަރުޝާގެ މޫނާ ކައިރިވެލާފައި ޝަދަފު އައިސްހުރި ވާހަކަ ބުންޏެވެ. އެއާއިއެކު ފަރުޝާ ބޮލުން ހަރަކާތްކޮށްލި ގޮތުން އޭނާ އެބުނަނީ ޝަދަފު ބަލާދިއުމަށްކަން ޢިޒްވާއަށް އެނގުނެވެ. މަންމަގެ އަތުގައި ހިފާލާފައި ވޯޑުން ނުކުންނަން އޭނާ ހިނގައިގަތެވެ.

“އޯ އިޒޫ…. އައި މިސްޑް ޔޫ ސޯ މަޗް” ޝަދަފަށް ޢިޒްވާ ފެނުމާއިއެކު އައިސް އޭނާގެ ކޮނޑުގައި ހިފާ ގާތްކޮށްލީ އެތަށް ދުވަހެއް ވަންދެން ނުފެނިހުރެފައި ދެމީހުން ދިމާވިފަދަ ގޮތަކަށެވެ.

“ޝަދަފު، ދެންމެ ހާމިޒުބެ ވެސް އަތުވެއްޖެ” ޢިޒްވާ މިހެން ބުނެލީ އެއީ ޝަދަފު ސަމާލުވާންވީ ކަމެއްކަން އަންގާލާފަދަ ގޮތަކަށެވެ.

“އެހެންތަ، މިހާރު ހުރިހާ ކަމެއް ހަމެޖެހިއްޖެތަ؟ އިޒޫ، އެއްވެސްކަމެއް ބޭނުންވެފައި ނުބުނެ ނުހުންނައްޗޭ، އަހަންނަށް ވެވެން އޮތް އެހީއެއްވިއްޔާ އިޒޫއަށް ވެދެން ވަރަށް ބޭނުން، ކޮބާ ހާމިޒުބެ ގާތު ބުނެފިންތަ އިޒޫ އަހަންނާ މެރީކުރަން އުޅޭ ވާހަކަ” ޢިޒްވާ އާއި ޝަދަފާ ދެމީހުން ވޯޑާއި ދިމާލަށް ދިޔައީ އެކަކު އަނެކަކާ ވާހަކަދައްކަމުންނެވެ.

“ހުރިހާ ކަމެއް ހަމަޖެހިއްޖެ، އެކަމަކު މަންމަ ގިނައިން އޮންނަނީ ލޯމަރައިގެން، ހީވަނީ ވަރަށް ތަދުވާތީ އުޅޭހެން، ޑޮކްޓަރު ގާތު އެވާހަކަ ބުނީމަ ބަލާހަދާފައި މިހާރު ތަދުކަނޑުވާ އިންޖެކްޝަން ޖަހާފައި އޮތީ، އިރާދަކުރެއްވިއްޔާ މާދަމާ މެންދުރެއްހާއިރު ފުރޭނެ، ހާމިޒުބެ ވެސް ހުރެފައި ނިކަން ފަސޭހައިން ޓިކެޓު ވެސް ހަމަޖެހިއްޖެ” ޢިޒްވާގެ މޫނުމަތީގައިވާ ކަންބޮޑުވުން ފޮރުވާލަމުން އޭނާ ބުންޏެވެ.

“އެހެންވީމަ ފުރަންތައްޔާރައްދޯ ތިހުރީ، އިޒޫ، އަދިވެސް އަހަރެން ކުރި ސުވާލަށް ވަކި އެއްޗެއް ނުބުނަމެންނު” ޝަދަފު މިހެންބުނުމުން އޭނާ އެދައްކަނީ ކޮންވާހަކައެއް ޢިޒްވާއަށް އެނގުނެވެ.

“ހޫމް! މަންމަ، ހާމިޒުބޭ ގާތު އެވާހަކަ ދައްކައިފި، މަންމަ ޤަބޫލުވީމާ އިތުރަށް އެހެންމީހަކު ބުނާނޭ އެއްޗެއް ނޯންނާނެ އެންނު، ދެން ބުނަން، ހާމިޒުބެ ވަރަށް ސުވާލުގިނަވާނެ، ވަރަށް ވިސްނާފައި ޖަވާބު ދޭނީ އިނގޭ” ވޯޑަށް ވަދެވުމާއިއެކު ޝަދަފާއި ދުރަށް ޖެހިލި ޢިޒްވާ ބުންޏެވެ.

ފަރުޝާގެ އެނދުކައިރީ އިށީނދެލައިގެން އިން ހާމިޒުއަށް ވޯޑަށް ވަދެގެން އަންނަ ޢިޒްވާ އާއި ޝާދަފު ފެނުނެވެ. އެއާއިއެކު އޭނާ ވަރަށް ޝައުގުވެރިކަމާއިއެކު ޝަދަފުގެ ފައިންފެށިގެން ބޮލާހަމައަށް ބަލާލީ ތަންކޮޅެއް ރަނގަޅަށް އޭނާ ދެނެގެންނަން ބޭނުންވެފައި އިންފަދަ ގޮތަކަށެވެ.

“އައްސަލާމް އަލައިކުމް، ޝަދަފު” ހާމިޒު ކޮޅަށް ތެދުވުމުން އެނދުކައިރީ އައިސް މަޑުކޮށްލި ޝަދަފު ހިނިތުންވެލަމުން ސަލާމަށް އަތްދިއްކޮށްލިއެވެ.

“ވައިލައިކުމުއްސަލާމް، ޢިޒްވާގެ ބޮޑުބޭބެ، ހާމިޒު” ހާމިޒު އޭނާގެ ވެސް ކުރުތަޢާރަފެއް ޝަދަފަށް ދިނެވެ.

ފަރުޝާ މަޑުމަޑުން ލޯހުޅުވާލާފައި ޝަދަފަށް ބަލާލަމުން ފަނޑުފަނޑު ހިނިތުންވުމެއް ދިނެވެ. ޝަދަފަށް އެންމެފަހުން ފެނުނު އިރަށްވުރެ ފަރުޝާގެ ހާލު ގޯސްވެފައިވާހެން ޝަދަފަށް ހީވިއެވެ. ހަމުގެ ކުލަ ދޮން، ފަރުޝާގެ މޫނުމަތި ކުރިއަށްވުރެ ހުދުވެފައި ވާހެން ޝަދަފަށް ހީވިއެވެ. ޢިޒްވާ ކަންބޮޑުވަނީ ކީއްވެކަން ޝަދަފަށް ވެސް އެވަގުތު އެނގުނެވެ.

ހޮސްޕިޓަލުގައި ހާމިޒު އާއި ވަރަށް ގިނަ ވާހަކަތައް ދެއްކުމުގައި ޝަދަފު އިނެވެ. އެންމެފަހުން އެތަނުން ތެދުވެގެން ދިޔައީ ހާމިޒުއެވެ. ފުރަންވާއިރަށް ހުރިހާ އެއްޗެއް ތައްޔާރު ކުރަންށޭ ކިޔާފައެވެ. ޢިޒްވާ ވެސް ހުރީ މެންދުރު ގެއަށް ގޮސް ފޮށިތައް ތައްޔާރުކޮށް ނިންމާފައެވެ. ވަގުތުން މަންމަ ގޮވައިގެން ފުރަންތައްޔާރަށެވެ. ހާމިޒު ދިއުމާއިއެކު ޝަދަފު އޭނާގެ ބަނޑުގައި އަތްޖައްސާލަމުން ވަރަށް ބަނޑުހައިވެފައި އިންވާހަކަ ބުންޏެވެ.

“މިތަނުން އެއްޗެއް ގެނެސްގެން ކާލަންވީނު، އަނެއްކާ ޝަދަފަށް ކަމުދާނެތަ، ކުރިން ހުރި ދުވަހު ސައިބޯން ވެސް ބޭރުންވިއްޔަ އެއްޗެހި ގަނެގެން އައީ” ޢިޒްވާ، ފަރުޝާގެ ފައިކޮޅުގައި އެނދުގައި އިށީނދެލައިގެން އިނދެ ބުންޏެވެ.

“މިތަނަކުން ނޫން، އަހަރެން އަންނަންތަ ކާއެއްޗެހި ހިފައިގެން، އެކަމަކު އިޒޫ ވެސް ވާނެ އަހަންނާ ބައިވެރިވާން” ޝަދަފު މޫނަށް ވައްތަރެއްޖައްސާލަމުން ބުނެލިއެވެ.

“އޯކޭ، ޝަދަފަށް ހަމަ ފެންނަގޮތެއް، އެކަމަކު އެހާ ބައިވަރު ނުގެންނައްޗޭ، އަހަންނަށް ނުކެވިދާނެ، އިސްރާފުކުރާކަށް ނުވާނެ” ޢިޒްވާ މިހެން ބުނެ ނުނިމެނިސް ޝަދަފު ގޮނޑިން ތެދުވެއްޖެއެވެ.

“މިތާ ކައިރީގައި މޭރީ ބުރައުން ހުންނާނީ، އެތަނުން އެއްޗެހި ގެންނާނީ، ނުވާނެ ގިނައިރެއް، ލަވް ޔޫ” ޝަދަފު ހިނިއައިސްފައި ހުރެ ވޯޑުން ނުކުމެގެން ދިޔައެވެ.

ގެނައި ކާއެއްޗެހި ކެއުމަށްފަހު ޢިޒްވާ އާއި ޝަދަފު ތިބީ އެހީތެރިން މަޑުކޮށްލުމަށް ހަދާފައި ހުރި ބައިގެ ބެންޗެއްގައި އިށީނދެގެންނެވެ. މިރޭ ޝަދަފު ގެއަށްދާކަހަލަ ޚިޔާލެއް ނުކުރެއެވެ. އޭނާ އެއްވާހަކައަށްފަހު އަނެއްވާހަކަ ޢިޒްވާއާ ދައްކަމުންދިޔައެވެ. ފޫހިކަމެއްނެތިއެވެ. ދޭތެރެއަކުން ޢިޒްވާގެ އަތުގެ އިނގިލިތަކާ ނޫނީ އިސްތަށިގަނޑާ ކުޅެލައެވެ. އެދެޒުވާނުން ފެންނަ ކޮންމެ ކޮންމެ މީހަކަށް ވެސް އެއީ ދެރަޙުމަތްތެރިން ނޫންކަން އެނގޭނެކަން ޔަޤީނެވެ.

“އަހަރެން ބޭނުން މަންމަ ގޮވައިގެންދާއިރު އިޒޫ އާއިއެކު ދާން، ތީ އަހަރެންގެ ވާންއުޅޭ އަނބިމީހާ އެންނު” ވިސްނާލަން އިރުކޮޅަކު ހިމޭނުން އިނދެފައި ޝަދަފު ބުންޏެވެ.

“އެކަމަކު އެއީ އެހާ ރީތިގޮތެއްނޫންދޯ، އަދި ކައިވެނި ކުރެވުނީއެއްވެސް ނޫނެންނު، ޝަދަފު މިކޮޅުގައި ހުރެ ކައިވެނީގެ ހުރިހާކަމެއް ތައްޔާރުކުރޭ އަހަރެން އިރާދަކުރެއްވިއްޔާ މަންމަ ގޮވައިގެން އެނބުރި އަންނާނަން ވަރަށް އަވަހަށް” ޢިޒްވާ ބުންޏެވެ.

“އެކަމަކު އެކޮޅުގައި ވާނީ ކިހާ ދުވަހެއްކަމެއް ވެސް ނޭނގެއެންނު، އަހަރެން ވަރަށް މިސްވާނެ އިޒޫގެ މަތިން، ވަރަށް އުނދަގޫވާނެ އިޒޫ އާއި ބައްދަލުނުވެ ހުންނަން” ޝަދަފު ދެރަވެލާފައި ބުންޏެވެ.

“ދުރުގައިތިބެފައި ދިމާވީމާ އަދި މާލޯބިވާނެ، ކެތްތެރިވާންވާނެ އެންނު، ދުރުގައި އުޅެންޖެހުނީމަ އެނގޭނީ އެކަކު އަނެކަކަށް ވަފާތެރިވަނީ ކިހާ ވަރަކަށްކަން، ޝަދަފު، އަހަރެން އެއްކޮށް ޝަދަފާއި ވަކިވަނީއެއްނޫނެންނު، އެހެންވީމަ ތިހެން ނުވިސްނަބަލަ، ގިނަދުވަހެއް ނުވާނެއޭ” ޢިޒްވާ، ގާތުގައި ޖެހިގެން ހުރި ގޮނޑީގައި އިން ޝަދަފުގެ އިނގިލިތަކުގެތެރެއަށް އޭނާގެ އިނގިލިތައް މަހާލަމުން ހިނިތުންވެލިއެވެ.

ދަންވަރުގެ ހަމަހިމޭންކަމުގެ ތެރޭގައި ދެޒުވާނުން ވާހަކައިގައި ތިއްބާ ކުއްލިއަކަށް ވޯޑުން ނުކުމެގެން އައި ދެބައިއުމުރުގެ ފިރިހެނަކު ދުވެފައި ކަހަލަ ގޮތަކަށް ޢިޒްވާމެންނާ ދިމާލަށް އައެވެ.

“އެކޮއެ، އެކޮއެގެ މަންމައަށް ގޮތެއްއެބަވޭ… އަވަހަށް އާދޭބަލަ” ވޯޑުގައި ޢިޒްވާގެ މަންމަގެ އެނދާއި ޖެހިގެން ހުރި އެނދުގައި ބާއްވާފައި އޮތް މުސްކުޅި އަންހެންމީހާގެ އެހީތެރިޔާ ކަންބޮޑުވެ ހާސްވެފައި ހުރި ޢިޒްވާއަށް ބުންޏެވެ. ވަގުތުން ޢިޒްވާ އާއި ޝަދަފަށް ދުއްވައިގަނެވުނެވެ. އަވަހަށް އައިސް ވޯޑަށް ވަންއިރު ފަރުޝާ ތެޅިފޮޅެނީއެވެ. ހީވަނީ ނޭވާނުލެވިގެން އުޅޭހެންނެވެ. ޢިޒްވާ، މަންމަގެ ގައިގާ ހިފަހައްޓަން މަސައްކަތް ކުރިއިރު ޝަދަފު ދިޔައީ ނަރުސް ކުދިން ތިބޭ ކައުންޓަރާ ދިމާލަށެވެ. ވަގުތުން މުޅި ވޯޑު ތެރޭގައި އަޑުގަދަވެގެން ދިޔައެވެ. ގިނައިރެއްނުވެ ޑޮކްޓަރު ދުރުވެއްޖެއެވެ. ފަރުޝާގެ ކައިރިން އެންމެން ދުރަށްލުމަށްފަހު ނަރުސް ކުދިން ފޮތިގަނޑު ދަމާލިއެވެ. ކަންބޮޑުވެފައި ހުރި ޢިޒްވާގެ ގައިގާ ކޮނޑުގައި ހިފަހައްޓާލައިގެން ޝަދަފު ހުއްޓެވެ.

ޑޮކްޓަރު ވާހަކަދައްކަމުން ދިޔައީ ވަރަށް މަޑުންނެވެ. އޭނާ އެއްޗެއް ބުނިކަން ދުރުގައި ތިބި ޢިޒްވާމެންނަށް އެނގުނެވެ. ދެންފެނުނީ ފަރުޝާ ވޯޑުން ނެރެގެން ގެންދަން އުޅުނުތަނެވެ. ނަރުސް ކުއްޖަކު އައިސް ޢިޒްވާ ގާތު މަޑުކޮށްލުމާއިއެކު ފަރުޝާ އައި.ސީ.ޔޫއަށް ބަދަލުކުރަނީ ކަމުގައި ބުންޏެވެ. މާޔޫސްވި ޢިޒްވާގެ ދެލޯ ފެންކަޅިވާންފެށިއެވެ. ބޭއިޙްތިޔާރުގައި ޢިޒްވާއަށް ޝަދަފަށް ބަލާލެވުނީ މިވަގުތު އޭނާއަށް ހިތްވަރުދޭން ހުރި ހަމައެކަނި މީހަކީ އެއީކަމުގައި ވާތީއެވެ.

“އިޓްސް ގޮއިންޓު ބީ އޯކޭ، ޑޯންޓް ވޮރީ” ޝަދަފު އަވަސް އަވަހަށް ބުނެލިއެވެ. އަދި ނަރުސްކުދިންނާއިއެކު އައި.ސީ.ޔޫއާ ދިމާލަށް ހިނގައިގަތެވެ. އޭނާ އެންމެ ހިނދުކޮޅަކަށް ވެސް ޢިޒްވާގެ އަތުން ދޫކޮށްނުލައެވެ. ޢިޒްވާއަށް އިރުއިރުކޮޅާ ހިތްވަރުދެމުންދިޔައެވެ. ކެތްތެރިވުމަށެވެ. ޝަދަފު ވަގުތުން ނަވާލަށް ގުޅިއެވެ. ފަރުޝާގެ ހާލުބޮޑުވެގެން އައި.ސީ.ޔޫއަށް ވެއްދިވާހަކަ ބުންޏެވެ. އެއާއިއެކު ނަވާލު އޭނާގެ ފަރާތުން ވެވެން އޮތް އެހީތެރިކަމެއްވިއްޔާ އޭނާގެ އެކުވެރިޔާއަށް ފޯރުކޮށްދިނެވެ. އަދި ގިނައިރެއްނުވެ ހޮސްޕިޓަލަށް އެމީހުންގެ ގާތަށް އޭނާ އައެވެ. ޝަދަފުގެ ޚާއްޞަ ރަޙުމަތްތެރިއެއްކަން ޢިޒްވާއަށް އެހިނދުންފެށިގެން ނަގައިގަނެވުނެވެ. އަދި އޭނާ ޝަދަފުގެ ރަޙުމަތްތެރިކަމުގައި ޢިޒްވާގެ މަންމައަށް ވެދޭ އެހީއަށް ޢިޒްވާ ޝުކުރުވެރިވިއެވެ.

ފަތިސްވަންދެން ތިންމީހުން އައި.ސީ.ޔޫ ދޮށުގައި ތިއްބެވެ. އިރުއެރިފަހުން ނަވާލު ގެއަށް ދިޔައީ އޭނާއަށް ފޯނުކޯލެއް އައިސްގެންނެވެ. ފަރުޝާގެ ހާލާ ގުޅޭގޮތުން ނޭނގުމެއްގައި ޝަދަފާއި ޢިޒްވާ ތިއްބެވެ.

“އިޒޫ…” ކުއްލިއަކަށް ސަމަރްގެ އަޑުއިވުނެވެ.

“އަހަންނަށް މެސެޖު ފެނުނުއިރަށް އަވަހަށް މިއައީ، މަންމަގެ ޚަބަރެއްވެއްޖެތަ” ސަމަރް އައިސް ޢިޒްވާގެ ގާތުގައި އިށީންނަމުން އަހާލިއެވެ. އެއާއިއެކު ޢިޒްވާ ދެފަރާތަށް ބޯހޫރާލިއެވެ.

ހެނދުނު އެގާރަ ޖަހަން އުޅެނިކޮށް އަނެއްކާ ވެސް ޑޮކްޓަރުންނާ ނަރުހުން ހާސްވެގެން އުޅޭތަން ފެނުނެވެ. މިވަނީ ކިހިނެއްކަން ނޭނގި އިންތިޒާރުގައި އިން ޢިޒްވާ މަޑުމަޑުން ރޮވިއްޖެއެވެ. އިސްޖަހާލުމާއިއެކު މޫނުގައި ދެއަތްއަޅާ ފޮރުވާލުމާއިއެކު ދެލޮލަށް ޖަމާވެފައި ހުރި ކަރުނަތައް ކޯތާފަތުން ލާފައި ފައިބައިގަތެވެ. ޝަދަފު ވަގުތުން ޢިޒްވާ ގެނެސް އޭނާގެ މޭގައި ޖައްސާލިއެވެ. ޑޮކްޓަރުންނާ ނަރުހުން އައި.ސީ.ޔޫއަށް ވަންތާ ސާޅީސްފަސްމިނެޓު ވަރަކަށްފަހުން އެތަނުން އެއްޑޮކްޓަރު ނުކުމެ ޢިޒްވާގެ ނަމުން ގޮވާލިއެވެ. އެއާއިއެކު ރޮވިފައި ހުރި ޢިޒްވާ އާއި ޝަދަފާއި ސަމަރު އެކުއެކީހެން އެޑޮކްޓަރު ގާތަށް އައެވެ.

“ވީ އަރ ސޮރީ، ޝީ ގޮޓް އަނަދަރ ހާޓްއެޓޭކް…” ޑޮކްޓަރަށް ވެސް ޢިޒްވާގެ ރޮވިފައި ހުރި މޫނުފެނި ވާހަކަދައްކަން ފަސޭހަކަމަކަށް ނުވިއެވެ. އޭނާ ޝަދަފުގެ ކޮނޑުގައި އަތްޖައްސާލަމުން ބަލާލާފައި ބޯޖަހާލީ ހިތްވަރު ކުރާށޭ ބުނާފަދަ ގޮތަކަށެވެ. ޑޮކްޓަރަށް ނުދެވިގެން އުޅެނިކޮށް ޢިޒްވާއަށް މާބޮޑަށް ރޮވިއްޖެއެވެ. ސަމަރު އައިސް ކޮނޑުގައި އަތްޖައްސާލުމާއިއެކު ޢިޒްވާ އޭނާގެ ގައިގާ އޮޅުލައިގަތެވެ.

“މަންމާ…” ޢިޒްވާއަށް ހިތާ ހިތުން ފަރުޝާއަށް ގޮވާލެވުނެވެ. ހުރިހާކަމެއް ހަމަޖެހިފައި ވަނިކޮށް ފަރުޝާ އޭނާ އާއި ވަކިވީތީ ހިތަށްވަކިން ބޮޑަށް އަސަރު ކުރިއެވެ. މިއަދާއި ހަމައަށް ވެސް ޢިޒްވާ މަސައްކަތްކުރަމުން އައީ ފަރުޝާއަށްޓަކައެވެ. އެމަންމަގެ ދިރިއުޅުން ފަސޭހަކޮށްދިނުމަށްޓަކައެވެ. ޢިޒްވާއަށް ގިސްލެވުނު އަޑުއިވުމާއި ޝަދަފަށް ހީވީ އޭނާގެ ހިތުގައި ނޭނގޭ ރިހުމެއް އުފެދިގެންދިޔަ ހެންނެވެ. ވަގުތުން އައިސް ޢިޒްވާގެ ގައިގާ ފުރަގަހުން ހިފަހައްޓާލިއެވެ. އެހިނދު ސަމަރު، ޢިޒްވާ އޭނާ އާއި ދުރުކޮށްލީ ޝަދަފަށް ޢިޒްވާ އާއި ގާތްވުމުގެ ފުރުޞަތު ދޭށެވެ. މިވަގުތު ސަމަރްއަށްވުރެ ބޮޑަށް ޢިޒްވާއަށް ޝަދަފުގެ އެހީތެރިކަމާއި ލޯބި މުހިއްމުވާނޭއޭ ހިތައްއަރާފައެވެ. ޝަދަފު އޭނަގެ ދެއަތުގެ ތެރެއަށް ޢިޒްވާގެނެސްލިއެވެ. ބޮލުގައި ބޮސްދިނުމާއިއެކު ޢިޒްވާ ގެނެސް ގޮނޑީގައި ބޭންދިއެވެ. އަދި ޢިޒްވާގެ ކޯތާފަތް ދެއަތުން ފޮހެދެމުން ވާހަކަދެއްކިއެވެ. ފަރުޝާ އެމީހުންނާ ވަކިވެގެންދިޔަ ނަމަވެސް ޢިޒްވާ އެގޮތަށް ރުއިމުން އެމަންމަގެ ރޫހަށް ހަމަޖެހުމެއްނުލިބޭނެ ކަމުގައި ޝަދަފު ވިސްނާދެމުންދިޔައެވެ. ޢިޒްވާ ހުއްޓާލަން މަސައްކަތްކުރި ނަމަވެސް އޭނާއަށް އެކަމެއް ނުވިއެވެ.

ޝަދަފުގެ އެތަށް މަސައްކަތަކުން ޢިޒްވާ ރުއިން ހުއްޓާލިއެވެ. އަދި ފަރުޝާގެ މަސަގަނޑާއި ހަވާލުވުމުގެ ހުރިހާ މަސައްކަތެއްގައި އޭނާ އުޅެންފެށިއެވެ. އެންމެ ގާތުގައި ޝަދަފު ހުރިކަން އެއީ އޭނާއަށް ލިބުނު އެންމެ ބޮޑު ހިތްވަރެވެ. އެހެންނަމަވެސް އިރުއިރުކޮޅާ ޢިޒްވާ އޭނާގެ ކަރުނުން ފުރެމުންދިޔަ ދެލޯ ފޮހެލައެވެ. ކަށިން ހިތްވަރުނެރޭ މީހަކު ފަދައިންނެވެ. ހިންދިރުވާލުމާއިއެކު އޭނާއަށް ލިބިފައިވާ ހިތާމަތައް ދިރުވާލަން މަސައްކަތް ކުރާކަހަލައެވެ.

ފަރުޝާގެ ޢާއިލާ މީހަކަށް މާލޭގައި ހުރި ހަމައެކަނި މީހަކީ ހާމިޒުއެވެ. އޭނާއަށް ފަރުޝާ ނިޔާވި ޚަބަރު ދިނީ ޝަދަފެވެ. އެވަގުތުން ފެށިގެން އޭނާ ވެސް އައިސް ޢިޒްވާގެ ގާތުގައި އުޅެއެވެ. އަދި ފަރުޝާ ވަޅުލުމުގެ ކަންތައްތައް ކުރިއަށް ގެންދިޔައީ ހާމިޒު އާއި ޝަދަފުގެ އެހީތެރިކަމުގައެވެ. އެމީހުންނަށް ކަންތައްތައް ފަހިކޮށްދިނުމުގައި ނަވާލު އުޅުނެވެ. އޭނާގެ އަންހެނުން މޯނާ އާއި ސަމަރު، ޢިޒްވާގެ ގާތުގައި ހުރިހާ ކަމެއް ނިމެންދެން މަޑުކޮށްލައިގެން ތިއްބެވެ. ދިމާވި ކުއްލި ހާދިސާގެ ޚަބަރު ޝަދަފު އޭނާގެ މަންމައަށް ދިންނަމަވެސް މޫނު ބަލާކަށް އެމީހުނެއް ނާދެއެވެ. ފަރުޝާގެ މޫނު ބަލާނޭ ގިނަބަޔަކު ނެތުމާއިއެކު ވަޅާއި ހަމައަށް މައްޔިތާގެ މަސްގަނޑު ގެންދިއުމުގެ މަސައްކަތްފެށުނެވެ. ހިތްވަރު ކުރަމުން އައި ޢިޒްވާގެ ބަނޑިފަޅައިގެން ދިޔައީ އެވަގުތުއެވެ. ގިސްލަ ގިސްލާފައި ރޯންފެށި ޢިޒްވާގެ ގައިގާ ފެންކަޅިވެފައި ތިބި މޯނާ އާއި ސަމަރު ބައްދާލިއެވެ.

(ނުނިމޭ)

Leave a Comment

Your email address will not be published. Required fields are marked *