ވަޔާއެކު ހިއްލިލާ ދޮރުފޮތިގަނޑުގެ ތިރިން ކޮޓަރިއަށް އަލިވަންނަމުންދިޔައެވެ. މިޝަލް ލޯހުޅުވާލީ އޭނާގެ ފޯނު ރިންގުވާއަޑަށެވެ. ނިންޖާއެކު މަޑުމަޑުން ދެފަހަރަކު ލޯހުޅުވާލާފައި މަރާލިއެވެ. ފޯނުގެ ރިންގު ކެނޑިފައި އަނެއްކާވެސް ރިންގުވާން ފަށައެވެ. ކުއްލިއަކަށް ސިހިފައި ތެދުވި މިޝަލް އަވަސްއަވަހަށް ވަށައިގެން ހޯދާލިއެވެ. އޭނާއޮތީ ކޮޓަރީގައެވެ. އެތަނަށް އާދެވުނީ ކިހިނެއް ކޮންވަގުތަކު ކަމެއް އޭނައަކަށް ނޭނގުނެވެ. ދެން ބަލާލެވުނީ ރިންގުވަމުން ދިޔަ ފޯނަށެވެ. އަވަހަށް ފޯނު ކަންފަތުގައި ޖައްސާލަމުން ހެލޯ އޭ ބުނެލިއެވެ.
“ޝެބީ، ކިހިނެއް ތިހެދީ، އަހަރެން ގުޅާތާ ކޮންއިރެއް، މިއަދު އޮފީހަށްވެސް ނުދާ ދުވަހަކީތަ؟މަށަށް އަންގާލިނަމަ” އަލައިނާ ބުނެލިއެވެ. އޭނަގެ އަޑުގައި ކޮންމެވެސް ވަރަކަށް ކަންބޮޑުވުން ހުއްޓެވެ.
“ލީން، ކިހާއިރެއް ވެގެންތަ އެއުޅެނީ……ކޮންތާކު ލީން ތިހިރީ؟” މިޝަލް އަހާލިއެވެ. އެއަޑުގައި އަދިވެސް ވަނީ ވަރުބަލިކަމެވެ. ކަންނެތްކަމެވެ. މިޝަލްގެ ބޮލުގައި ކުޑަކޮށް ރިއްސާހެންވެސް އޭނައަށް ހީވެއެވެ.
“މިހާރު އެއޮތްގެން އަށްގަޑި ބައިވަނީ، އަހަރެން މިހިރީ އޮފީހުގައި، އަނެއްކާ ޝެބީ ބަލީތަ؟” އަލައިނާ އަހާލިއެވެ.
“ބަލީކީ ނޫން، އަހަންނަށް ހަމަ ނިދުނީ……….ދެން މިއަދު ސަލާމެއް ހައްދާނީ ދޯ، އޭ ލީން އަންނައްޗޭ ޑިއުޓީ ނިންމާފަ” މިޝަލް ބުނެލިއެވެ.
މިޝަލް އަލައިނާ ފޯނު ބާއްވާލުމުން އޭނަގެ ފޯނުވެސް ބޯއަޅައިގެން އޮތް ބާލީސް ދަށަށް ކޮއްޕާލިއެވެ. އަދި ކައިރީގައި އޮތް ކަންނެޔޮ ގެނެސް ބައްދާލިއެވެ. ދެލޯމަރާލައިގެން މިޝަލް އޮތްއިރު، މީކާޢިލް ކޮބައިބާއޭ ހިތައްއަރައެވެ. އޭނަ ލައިގެން އޮތް ކަޅުކުލައިގެ ނައިޓީ ލެވުނުގޮތެއްވެސް ނޭނގުނެވެ. ކޮޓަރީގައި މީކާޢިލްގެ އެހިތްގައިމު ވަސް ހަރުލާފައި ހުއްޓެވެ. އެހެންވެ މީކާޢިލް ދިޔަތާ މާގިނައިރެއް ނުވާކަން އެނގުމުން ހިތްހަމަ ޖެހުނެވެ.
އިރުއޮއްސެން އުޅެނިކޮށް އަލައިނާ މިޝަލްމެންގެ ގެއަށް އައިސްވަތްތަން ޓީވީ ބަލަން އިން ސާޝާއަށް ފެނުނެވެ.
“ޝެބީ ކޮޓަރީގަ ދޯ” އަލައިނާ ސާޝާގެ ގާތުގައި އަހާލިއެވެ. ސާޝާ އަވަހަށް ތެދުވެ އިށީނަން ސޯފާ ދެއްކިއެވެ. އަލައިނާ އާއިއެކު ހުރިމީހަކު ފެނުމުންނެވެ. ސާޝާ މިޝަލްއަށް ގޮވުމަށް އެކޮޓަރިއަށް ދިޔައެވެ.
“ޝެބީ، ލުކް ހޫސް ހިއަރ؟ ކަމް އައުޓު” ސާޝާ މިޝަލްގެ ކޮޓަރީގައި ޓަކިޖަހަމުން ބުނެލިއެވެ. އަލަމާރީގައި ދޮވެފައިހުރި ހެނދުންތަކެއް އަޅުވަން ހުރި މިޝަލް ދޮރުހުޅުވާލިއެވެ. ސާޝާ މިޝަލްއަށް އައުމަށް އިޝާރާތްކޮށްލިއެވެ. މިޝަލް ކާކުތޯ އައީ އަހާލުމުންވެސް ނުބުންޏެވެ. އޭނަގެ އަތުގައި އެވަގުތުއޮތް ހެދުން އަލަމާރިއަށް ލާފައި ކޮޓަރިން ނުކުތެވެ.
ސިޓިން ރޫމަށް ނުކުމެވުމާއެކު މިޝަލްއަށް ލިބުނީ ހައިރާންކަމެވެ. އަލައިނާ އާއިއެކު އިންމީހަކު ފެނުމުންނެވެ. “މަލަކާ މަންމަ، ކިހިނެއްތޯ، ސާޝާ ކޯލް މަމް، ބުނޭ މަލަކާ މަންމަ އިންނެވިވާހަކަ” މިޝަލް، ސާޝާއަށް ހަފްސާ އަށް ގޮވުމަށް އިޝާރާތްކޮށްލިއެވެ.
“މި ލީން ނުވެސް ބުނޭ” މިޝަލް އަލައިނާގެ ގާތަށް ޖެހިލަމުން ބުނެލިއެވެ.
މަލަކާގެ މޫނުމަތިން ފެންނަން ހުރި ހިނިތުންވުމުން މަލަކާގެ ހާލަތު މިހާރު ރަގަޅުކަން އެނގެއެވެ. އެހެނީ މަލަކާ އޭނަގެ ހުރި ހަމައެކަނި ފިރިހެން ދަރިފުޅު އާހިލް މިދުނިޔެއާއި އަލްވަދާޢު ކިޔައިފިކަން ގަބޫލުކުރާތީއެވެ. އާޙިލް ދުނިޔޭގައި ހުރިނަމަ އޭނަ މަލަކާގެ ގާތަށް ނައިސް ނުހުންނާނެކަން މަލަކާއަށް އެނގި ޔަގީންވާތީއެވެ. މަލަކާއަށް މިދުނިޔެމަތީ ކުރިމަތިވާ އިމްތިޚާންތަކަށް ކެތްތެރިވުން ނޫންގޮތެއް ނެތްކަންއެނގެއެވެ. “ދަރިފުޅުގެ ހާލު ކިހިނެއްތައް؟ މަންމަގެ ގާތަށް ނުވެސް އަންނަމެއްނު، ލީން ބުނި މިޝަލް މިއަދު ބަލިވެގެން އޮފީހަށް ނުދާވާހަކަ، އަނެއްކާ ދަރިފުޅަށް ކަމެއްވީތަ؟” މަލަކާގެ ބަދަލުވުމެއްނުވާ އޯގާތެރިކަމުން ފުރިގެންވާ ރާގުގައި މިޝަލްއަށް ބުނެލިއެވެ.
“ރޭގަ މާލަހުން ނިދުނީ، އެހެންވެ ހޭވެސް ނުލެވުނީ، ބައްޔެއްނޫން………ކުޑަކޮށް ބޮލުގަ ރިއްސާފަ ހުރީ ހޭލެވުނު ގަޑީގައި، މަލަކާ މަންމަގެ ހާލެއް އަދިވެސް ނުބުނަމެއްނޫންތޯ؟” މިޝަލް މަލަކާގެ ވައަތްފަރާތުގައި އިން ގޮނޑީގައި އިށިންނަމުން ބުނެލިއެވެ.
“މަންމަގެ ހާލު އިރާދަކުރެއްވީތީ ރަގަޅު………އެނގޭތަ މަންމަގެ އަލައިނާ ބޮޑުވެއްޖެކަން، މަންމަ ހިތަށްއަރާ މިޝަލްވެސް ބޮޑުވާނީ ކޮންދުވަހަކުންބާއޭ” މަލަކާ ބުނެލިއެވެ.
މިޝަލްއަށް މަލަކާބުނި ޖުމްލައިގެ މާނައެއް ދޭހަވާގޮތެއްނުވިއެވެ. އޭނަ ސުވާލުގެ ނަޒަރަކުން އަލައިނާއަށް ބަލާލިއެވެ. އަލައިނާގެ މޫނުމަތީގައިވަނީ ލަދުވެތިކަމެވެ. “މަންމަ ބުނިއެއްޗެއް ދަރިފުޅަކަށް ނޭގުނު ދޯ، މަންމަ ބުނަންމިއުޅެނީ………” އެވަގުތު ހަފްސާގެ އަޑުއިވުނެވެ.
“މަލަކާ ކިހިނެއްތައް؟، އަހާ ލީން……” ހަފްސާގެ މޫނުމަތިން ހައިރާންކަން ފެންނަން ހުއްޓެވެ. ހަމައެއާއެކު ހިތްހަމަ ޖެހުންވެސް ފެންނަން ހުއްޓެވެ. މަލަކާ ފެނުމުންނެވެ. ވަރަށް މަދުން ނޫނީ މަލަކާ ނާންނާތީއެވެ. މިޝަލް އިށީދެގެން އިން ގޮޑިން ތެދުވިއެވެ. ހަފްސާ މަލަކާގެ ގާތުގައި ބޭންދުމަށެވެ. ހަފްސާވެސް މިޝަލް ތެދުވުމުން އޭނަގެ ބުރަކަށީގައި ހިނިތުންވުމާއެކު ފިރުމާލަމުން އެގޮނޑީގައި އިށީނެވެ. މިޝަލް ހަފްސާގެ ގާތުގައި ކޮނޑީގެ އަތްގަނޑުގައި އެއްފަރާތަކަށް ކަހަލަ ގޮތަކަށް އިށީނދެލިއެވެ.
“އަހަރެންގެ ހާލު ރަގަޅޭ، ހަފްސާ އަދިވެސް ތިއުޅެނީ ވިޔަފާރީގެ ތެރޭއެއްނު، ހަފްސާގެ ތިމަސައްކަތް މިޝަލްއަށް ދަސްކޮށްދޭކަށް ނުވިސްނަންތަ؟ އަހަރުމެންނަށް ނޭގުނަސް މިހާރު މިކުދިން ބޮޑެތިވެއްޖޭ……..” މަލަކާ ހަފްސާގެ އަތުގައި އަތްބާއްވާލަމުން ބުނެލިއެވެ.
“އާން! އަހަރެންވެސް ބޭނުން އެކަމަކު ކީއްކުރާނީ ޝެބީ މިކަމަކަށް މާބޮޑު ޝާއުގުވެރިކަމެއް ނުހުރޭ، ދޯ ޝެބީ…..” ހަފްސާ މިޝަލްއަށް ދޯޖަހާލިއެވެ. “ދެން ބުނެބަލަ، މީ ކޮން ދަތުރެއްތަ؟” ހަފްސާ މަލަކާއަށް ބަލާލަމުން އަހާލިއެވެ.
“ދެން ހަމަ ބޭރަށް ނުކުމެލާ ހިނގާލާ ހަދަން ބޭނުންވީ، ހިތަށް އެރީ ގޭގައިނީމަ މާއެކަނިވަނިއްޔޭ، ޚާއްސަކޮށް އަލައިނާ އޮފީހަށް ދިޔައީމަ……..” މަލަކާ ބުނެލިއެވެ.
“އަހަރެން ތިކަމާ އެއްބަސް، އަބަދު ގޭގަ އިންނަންވެއްޖެޔާ ބޯގޮވާފާނެ………….މަލަކާ މިގެއަށް ޖައްސާލާނަމައެއްނު………….ލީން މަންމަ ގޮވައިގެން އަންނައްޗޭ ދެން މިގެއަށް އަންނައިރު އިނގޭ” ހަފްސާ ހިނިތުންވެލަމުން އަލައިނާއަށް ބަލާލިއެވެ.
“ހަފްސާ، އަހަރެން މިއައީ އުފާވެރި ހަބަރެއް ދޭންވެގެން، އެނގޭތަ، އަހަރެންގެ އަލައިނާ މީހަކާ އިންނަނީ، މިކުދިން ބޮޑެތިވީއިރުވެސް އަހަރުމެންނަކަށް ނޭނގެ، ދޯ ހަފްސާ، އަހަރެން މިޝަލް ގާތުވެސް ބުނެފިން ދެން ކޮންއިރަކުންހޭ މިޝަލް މިފަދަ ހަބަރެއް ދޭނީ” މަލަކާ ބުނިއެއްޗަކުން ހަފްސާއާއި މިޝަލް އިނީ އަޖައިބުވެފައެވެ.
“ލީން…….”މިޝަލްއަށް ދެލޯބޮޑުކޮށްލެވުނެވެ.
“ހަމަ އަސްލުވެސްތަ؟ ތީ ވަރަށް އުފާވެރި ހަބަރެއް، އަނެއްކާ ރަގަޅު ކުއްޖެއްތަ؟ މަލަކާ އާއި ބައްދަލު ވެއްޖެތަ، ވާހަކަ ދައްކައިފިންތަ……..ކިހިނެއްތަ ހުންނަނީ” ހަފްސާ ސުވާލުތައް އަމުނާލިއެވެ. އަލައިނާ ލަދުންގޮސް އޭނާގެ މޫނުރަތްވަމުން ދިޔައެވެ.
“ދެން މަންމާ، ލީން އާދޭ ކޮޓަރިއަށް” މިޝަލްއަށް އަލައިނާއަށް ވަމުންދާގޮތް ފެނިފައިބުނެލިއެވެ. ދެކުދިން އެކުގައި އަވަހަށް މިޝަލްގެ ކޮޓަރިއަށް ދިއުމަށް ދިޔައެވެ.
“ހަފްސާ، އެއީ ވަރަށް ރަގަޅު ކުއްޖެއް، ރީހާނެއްތޯ، ރެހާންއެއް ކަންނޭގެ ކިޔަނީ، އަހަރެން ނަން އެހާބޮޑަކަށް ހަނދާނެއް ނެތް، އޭނަ ބޭނުންވީ އަހަންނާ ބައްދަލުކޮއްފަ އަހަރެންގެ ރުހުން ހޯދަން، ރަގަޅަށް ކިޔަވައިގެން ހުރި ޒިންމާދާރު ކުއްޖެއް، އަހަރެންގެ ހިތްބުނަނީ އަލައިނާއަށް ރަގަޅު ފިރިއަކަށް ވާނެއޭ……..ވަރަށް ހިތްހަމަ ޖެހުނު ރިވެތި އަޙްލާގެއްގެ ކުއްޖަކަށް ވީމަ” މަލަކާ ބުނެލިއެވެ. އޭނަ އިނީ ވަރަށް ހިތްހަމަ ޖެހިފައެވެ.
“މަލަކާގެ ހިތް ތިހެން ބުނަންޏާ ތިކަމެއް ގޯހެއްނުވާނެ އިރާދަކުރެއްވިޔާ، ކޮން އިރަކުންތަ ދެން އިންނަނީ؟” ހަފްސާ އަހާލިއެވެ.
“މިއަހަރު ފަހުކޮޅުގައޭ ބުނީ……..އެސޮރުގެ މަންމައެއް ނުހުރޭ، އުޅެނީ ބައްޕައާއިއެކު، ބައްޕަވީ ސިންގަޕޫރުގައޯ، ވަރަށް އަވަހަށް އަންނާނެއޯ، ހަފްސާ، ކޮބާ މިޝަލް ނޫޅޭތަ ކަމެއް ކުރާކަށް؟” މަލަކާ އަހާލިއެވެ.
“މަވެސް ވަރަށް ބޭނުން ތިފަދަ ދުވަހެއް ދެކިލަން، ހީވާގޮތުން މިޝަލް އުޅެނީ ކުއްޖަކާ ރައްޓެހިވެގެން، އަދި ގެއަކަށް ނުގެނޭ، ފޯނުން ވާހަކަ ދައްކާ، ސާޝާވެސް ބުނޭ މިޝަލް ރޭގަނޑު ވަރަށް ދަންވަންދެން ކޮޓަރިތެރޭ ވާހަކަދައްކާ އަޑު ބައެއްރޭރޭ އިވެއޭ، މިޝަލް ކުއްޖަކާ ރައްޓެހިވެގެން ކަންނޭގެއޭ އުޅެނީ، އަހަރެންވެސް ބޭނުންވަނީ މިޝަލް އަމިއްލައަށް އެކުއްޖާ މިގެއަށް ގެނެސް އަހަންނާ ބައްދަލު ކުރުވަން……………އަހަންނަށް ޔަގީން މިޝަލް ހޯދާނީ ރަގަޅު ކުއްޖެއްކަން، އެކުއްޖެއްވާނީ ވަރަށް ޙާއްސަ މީހަކަށްކަން، މިޝަލްގެ ބައްޕަދަ……….” ހަފްސާ އިސްޖަހާލިއެވެ.
“އަހަރެންވެސް ވަރަށް ފޮނި ހުވަފެން ދެކުނިން، މިޝަލް އަހަރެންގެ ދަރިއަކަށް ހެދުމަށް……..މިއަދު މިވަނީ ހުރިހާ ކަމެއް ބަދަލްވެފަ، އަހަރުމެން ދެމީހުން މިވަނީ އެކަނި ހާލައިގެން ކުދިންގެ ކަންތައްތައް ބަލަން ޖެހިފަ، އަހަރެންގެ ފިރިއަކީ ދުނިޔޭގައި ހުރިނަމަވެސް ހުރި މީހެއްކަމަކަށް އަހަރެން ނުދެކެން، އެންމެ ކުޑަމިނުން އާޙިލްއަށް ވީކިހިނެއްތޯވެސް އޭނަ ބަލާނުލި…………” މަލަކާގެ ހިތަށް ތަދުވިއެވެ.
“މަލަކާއަށް އެނގެއެއްނު، އަހަރެން އުފަލުން ހުރެ އަހަރެންގެ ދަރިފުޅު މަލަކާއަށް ދޭނެކަން، މިހުރިހާ ކަމެއް މިވީ ކުއްލިއަކަށް ކުޑަދުވަސްކޮޅެއްގެ ތެރޭ، އަހަރެން ބޭނުންވަނީ ހުރިހާ އުފަލެއް މިޝަލްއަށާއި އަލައިނާއަށް ލިބެން، އަހަރުމެންފަދަ އެކަނިވެރިން ކަމުގައި އެކުދިން ނުލެއްވުމަށް…” ހަފްސާ މަލަކާގެ އަތުގައި ހިފާލަމުން ބުނެލިއެވެ.
“އާން! މަގޭ ދުޢާއަކީވެސް ތީ، އަހަރުމެންގެ ދިރިއުޅުމުގައި އުނިވެފައިވާ ހުރިހާ އުފަލެއް އެކުދިންނަށް ލިބުން. މިޝަލްވެސް ވަގުތު ޖެހުމުން އެވާހަކަ ބުނާނެހެން އަހަންނަށް ހީވަނީ، އެވަގުތަށް އިންތިޒާރު ކުރުންކަންނޭގެ އެންމެ ރަގަޅުވާނީވެސް” މަލަކާ ހިނިތުންވެލަމުން ބުނެލިއެވެ.
“އަހަރެންވެސް އެފަދަ ވާހަކައެއް މިހާތަނަށްވެސް ނުދައްކާ މިހުންނަނީ އެހެންވެ” ހަފްސާ ބުނެލިއެވެ.
“ލީން” މިޝަލް ކޮޓަރިއަށްވަތް ގޮތަށް އަލައިނާގެ ގައިގާ އޮޅުލައިގަތެވެ. އޭނަ ހުރީ ވަރަށް އުފާވެފައެވެ. “އަހަންނަށް ކިޔާ ދީބަލަ، ކިހިނެއްތައް މިހާ އަވަހަށް…” މިޝަލް އޮޅުން ފިލުވަން ބޭނުންވެފައި ހުރިވަރު އަލައިނާއަށް އެނގުނެވެ.
“އަހަރެން ބޭނުންވީ ޝެބީގެ ގާތަށް އައިސް މިހަބަރު ދޭން، އެހެންވެ ހެދުނު ފޯނުންވެސް ނުބުނީ………..އަދި މަންމަވެސް ވެއްޖެވިއްޔަ އަހަންނާއެކު އަންނަން……ޝެބީގެ މަންމަގާތުގަ އަހަރެންވެސް އިންދަ އެގޮތަށް ވާހަކަދެއްކީމަ މަވެސް ލަދުގަންނާނެ އެއްނު ދޯ……” އަލައިނާ މިޝަލްއާއިއެކު އެނދުގައި އިށިންނަމުން ބުނެލިއެވެ. މިޝަލް ހީގަތެވެ.
“ޝެބީ، އަހަރެން ވަރަށް އުފާވި މަންމަ ރެހާން އާއި ގަބޫލުވީމަ، ދެތިންރެއެއް ވެއްޖެ ރެހާން އަހަރެން ގާތު މެރީކުރުމާ ބެހޭ ގޮތުން ވާހަކަދައްކާތާ، އޭނަ ނުސީދާ ގޮތަކަށް އަހަންވެސް އެހި މެރީކުރަން އަހައިފިއްޔާ އާބަސް ބުނާނަންހޭ، މަވެސް ބުނިން އެދުވަހަކުން ޔަގީނުންވެސް ވަރަށް އުފާވާނެއޭ، ހިތަކަށްނާރާ އެއީ ހަމައެހާ ސީރިއަސްކޮށް ދެއްކިވާހަކައެކޭ، އެންމެ އަޖައިބުވީ މަންމަގެ ކުރިމަތީގަ އޭނައަށް އަހަން ކެރުނީތީ………..އެނީވޭސް ޝެބީއަށް އެނގޭތަ، މަންމަގެ މޫނުމަތިން އެވަގުތު ހިތްހަމަޖެހުން ފެނިގެންދިޔަ، ދޮންބެގެ ހާދިސާއަށްފަހު މަންމަގެ ފަރާތުން އެފަދަ ކަމެއް ފެނުނު ފުރަތަމަ ފަހަރުމީ، އަހަރެން ވަރަށް ވަރަށް އުފާވެފަ މިހިރީ……….އެކަމަކު ދޮންބެގެ މަތިން ވަރަށް ހަނދާންވޭ……” އަލައިނާ މިޝަލްގެ އަތްތިލާގައި ހިފާބާރުކޮށްލިއެވެ.
“މާތް ރަސްކަލާނގެ އަހަރެންގެ އެކުވެރިއާއަށް ދުނިޔޭގެ ހުރިހާ އުފަލެއްދެއްވާށި، އާމިން………” މިޝަލް ބުނެލިއެވެ. އެއަޑުގައި އަލައިނާއަށް ނޭގޭ ހިތްދަތިކަމެއް ފޮރުވިފައިވިއެވެ. އާޙިލްގެ ވާހަކަ މިޝަލް ނުދައްކަނީ އޭނަގެ މަތިން ހަނދާނެތިގެނެއް ނޫނެވެ. އާޙިލްގެ މަރުގެ މަތިން އޭނަ ހަދާންނައްތާލާނީ ކިހިނެއްހެއްޔެވެ. އެހާދިސާއަކީ މިޝަލްގެ ދިރިއުޅުމާއި ގުޅިފައިވާ ކަމެކެވެ. މިއަދާ ޖެހެންދެންވެސް މިޝަލްގެ އަމިއްލަ ނަފްސު ކުތްވެރިކުރެވޭ އެއްސަބަބެވެ.
“ދެން ޝެބީ ކޮންއިރަކުންތަ މެރީކުރާނީ، އަދިވެސް ޝެބީ މީކާޢިލް އާއި އަހަންނާ މީޓެއްވެސް ނުކޮށްދޭ……………ބުނާނެ އެންމެ ގާތްއެކުވެރިޔާއޭ……..ކޮބާތަ މައްސަލައަކީ، މިޝަލް ބިރުގަންނަނީ ކޮންކަމަކާތަ؟، އަހަރެން ނުބުނާނަން އެކައްޗެއްވެސް، އަހަންނަށް އެނގޭ ކޮންމެ ސިފައެއްގަ ހުރި މީހަކަށްވިޔަސް އޭނަ ވާނީ ހާއްސަ މީހަކަކަން، ޝެބީ އަކީ ކޮންމެ ކޮންމެ މީހެއްކަމުދާ ކަހަލަ ކުއްޖެއްނޫން…………….އަހަރެން މިހާރު މީކާޢިލް ބަލާލާހިތުން ހުރެވެނީކީ ނޫން………..” އަލައިނާ ޝަކުވާގެ ރާގަކަށް ބުނެލިއެވެ.
“އަހަރެން ކަމަކާ ބިރަކުން ނޫޅެމޭ…….އަދި ދައްކާނަމޭ، ތިއެއްނޫނޭ ދެން ކޮންއިރަކުންތަ ވެޑިން އޮތީ……..” މިޝަލް އެހެންބުންޏަސް ހަގީގަތުގައި އޭނަ ޖެހިލުންވެ ބިރުގަނެއެވެ.
“މިއަހަރު ފަހުކޮޅު، ނޮވެމްބަރ ހާތަނުގަ، މިޝަލް އަންނަން ވާނީ މީކާޢިލް ގޮވައިގެން، ދެން އެއްވެސް ބަހަނާއެއް ގަބޫލެއް ނުކުރާނަން………..” އަލައިނާ އޭނަގެ އެންމެ ފަހުބަސް ބުނެލިއެވެ.
އަލައިނާ މީކާޢިލްގެ ވާހަކަ ބުނާއިރަށް މިޝަލް އަވަހަށް ކޮންމެވެސް އެހެންވާހަކައެއް ދައްކަންފަށައެވެ. މީކާޢިލްގެ ނަން އަލައިނާގެ ގާތުގައި ބުނެވުނުކަން އެއީ މިޝަލްއަށް ކުރެވުނު މޮޔަކަމެއް ބާއޭ ބައެއްފަހަރު ހިތަށްއަރައެވެ. އަނެއްބައި ފަހަރު ހުރިހާ ވާހަކައެއް ކިޔާދޭންވީ އޭވެސް ހިތަށްއަރައެވެ. އަދިވެސް ހަދާނެގޮތެއް މިޝަލްއަށް ވަނީ ނޭގިފައެވެ.
ރޭގަނޑުގެ ކެއުމަށް އިންސާފު ކުރުމާޖެހެންދެންވެސް މިޝަލް އާއި އަލައިނާ ދައްކަމުން ދިޔައީ އަލައިނާގެ ކައިވެންޏަށް ތައްޔާރުވުމުގެ ވާހަކަތަކެވެ. ރޭގަނޑު ވަމުން ދިޔަވަރަކަށް މިޝަލްގެ ނުތަނަވަސްވަމުން ދިޔަ މޫނު އަލައިނާއަކަށް ނުފެނެއެވެ. އޭނަގެ އަތުގައި އޮތް ފޯނަށް ބަލާލައެވެ. މީކާޢިލްގެ އެއްވެސް ހަބަރެއް ނުވާތީއެވެ. އަލައިނާ އެކޮޓަރީގައި ހުރުމުންކަމަށް މިޝަލްއަށް ހީވިއެވެ. ސާޝާގެ ގޮވާލުމަށް އަވަހަށް އަލައިނާ ގޮވައިގެން މިޝަލް ކޮޓަރިން ނުކުތީ ކާންދިއުމަށެވެ.
ހަފްތާގެ ދުވަސްތައް މިޝަލްއަށްވީ ދިގުދުވަސްތަކަކަށެވެ. ކޮންމެ ދުވަހެއްގެ އަރާ އިރާއި އެކީ އެނދުން ފުއްމާލައިގެން މިޝަލް ދަނީ ޑްރެސިންގ ޓޭބަލްގެ ލޯގަނޑު ކުރިމައްޗަށެވެ. ލާފައިވާ ނައިޓީ ފަހަތުން ގަޔަށް ހިފާލައެވެ. އެހަށިގަނޑަށް އެއްވެސް ބަދަލެއް ނާދެއެވެ. އެކަމަކު މިޝަލްގެ ރީތިކަން އެއްދުވަހަށް ވުރެ އަނެއްދުވަހު މާފުރިހަމަކަން ފާހަގަކުރެވެންފެށިއެވެ. ހަންގަނޑު އޮމާންވެ އިސްތަށިގަނޑު ދިގުވާން ފަށައިފިއެވެ. ބޮލުން އެންމެ އިސްތައްޓެއް ކަނޑާލުމަށްވެސް މީކާޢިލް ގަބޫލެއްނޫނެވެ. އޭނައަށް އެންމެ ކަމުދަނީ މިޝަލްގެ އިސްތަށިގަނޑު ނިއުޅާލާފައި ބޭއްވީމައެވެ. ނަމަވެސް އެކަންވެސް ވީ މިޝަލްއަށް ބޮޑުކަމަކަށެވެ. ހަށިގަނޑަށް ބަދަލެއް ނަޔަސް ސިފަރީތިވުމަކީވެސް އެހެންމީހުންގެ ސަމާލުކަންހޯދާ ކަމަކަށްވާތީއެވެ. ހަފްސާއަށް ކަންތައްތައް ފޮރުވައިގެން އެއްވެސް ކަމެއް ނުވާކަމަށް ހަދައިގެން އުޅެވޭނީ ކިހާދުވަހަކުބާއޭ މިޝަލްގެ ހިތަށް ދުވަސްވާވަރަކަށް އަރަމުންދިޔައެވެ.
ހުކުރު ދުވަހުގެ މެންދުރު ކެއުމަށް ތައްޔާރުވަމުން ދިޔައިރު ހަފްސާގެ ހިތްވަނީ އަވަސްވެފައެވެ. ޖާވިދު އަންނާތީއެވެ. ހެދުނުވެސް ގުޅާފައި ހަފްސާއަށް ހަނދާންކޮށްދިނެވެ. ހަފްސާގެ މިނިންމުމަކީ ރަގަޅު ނިންމުމެއް ބާއޭ އޭނަގެ ހިތަށްއަރައެވެ. ހަފްސާ އެންމެ ކަންތައް ބޮޑުވަނީ މިޝަލްގެ ހިތަށް އަރާފާނެ އެއްޗެކާއިމެދުއެވެ. ޖާވިދު ގާތްކުރެވިއްޖެނަމަ ހަފްސާގެ ހިތްއަތުލާކަށްމާގިނަ ދުވަހެއް ނުނަގާނެކަން ހަފްސާއަށް އެނގެއެވެ. ޖާވިދުގެ މިޒާޖުގެ ގޮތުންނެވެ. އޯގާތެރިކަމާ އަޅާލުން މިހާރުވެސް ދޭކަން އެނގޭތީއެވެ. ހަފްސާގެ ހިތް ބިރުގަންނަނީ އެހެންވެއެވެ. މިހާދުވަސްކޮށްފައި މިޝަލްގެ ބައްޕަގެ މަގާމު އެހެން ފިރިހެނަކަށް ދެވުމަކީ ދަށުދަރަޖައަކަށް އޭނަ ދިއުންކަހަލަކަމެއްހެން ހީވެފައިވާތީއެވެ. އެކަމަކު ހަފްސާގެ ދިރިއުޅުމަށްވެސް ބައިވެރިއެއްގެ އުނިކަން އިހްސާސް ވެއެވެ.
ސާޝާ ގެއަށް ގެނައިފަހުން ބަދިގޭގައި މަސައްކަތެއް ކުރަން ހަފްސާއަކަށް އުޅޭކަށް ނުޖެހެއެވެ. އެކަމަކު މިއަދަކީ އެހެންދުވަސްތައް ފަދަ އާދައިގެ ދުވަހެއް ނޫނެވެ. އެހެންވެ އެއްޗެހި ތައްޔާރުކުރުމުގައި ސާޝާ އާއިއެކު ހަފްސާވެސް އުޅެމުންދިޔައެވެ. މެންދުރު ގަޑިން އެކެއް ޖެހިއިރު ހަފްސާ ފެންވަރާލާ ނަލަހެދިލައިގެން ނުކުތީ މޭޒުމަތި ތައްޔާރު ކުރުމުގައި ސާޝާ އާއި ބައިވެރިވުމަށެވެ. މިޝަލްވެސް އެވަގުތު ނުކުތީ ހަފްސާއަށް އަތްގާތްކޮށްލަ ދިނުމުގެ ނިޔަތުގައެވެ. ޖާވިދުގެ އަޖުމަވެސް ބަލާލާހިތް އޮތްލެއްވެސް ބޮޑުކަމުންނެވެ. ސިޓިން ރޫމުގައި ހުޅުވާފައިވާ ޓީވީއިން ހުކުރު ނަމާދު ވަގުތުންދައްކަމުންދިޔައެވެ. މިޝަލް ސޯފާގައި އިށީނީ ހަފްސާ އާއި ސާޝާގެ ދޭތެރެއަށް އޭނަވަނުމުން އުނދަގުލެއް ނޫނީ ނުވާނެކަން އެނގުމުންނެވެ. ހަފްސާގެ އަވަސްވެފައިވާ ހަރަކާތްތަކަށް މިޝަލް ބަލަންއިނެވެ.
“މަންމާ، ޖާވިދު އިޒް އަ ސްޕެޝަލް ގައި ދޯ………..” ހިނިއައިސްފައި އިނދެ މިޝަލް އަހާލިއެވެ.
މެޒުމަތީ ސަޓަނިތަށި ބަހައްޓަމުން ހަފްސާ ބަލާލީއެވެ. އޭނަގެ މޫނުގައިވެސް ވަނީ އާއެކޭ ބުނާފަދަ ހިނިތުންވުމެކެވެ. “ޝެބީވެސް ދޯ…. އެވްރިވަން އިސް ސްޕެޝަލް، އިން ދެއަރ އޯންވޭ………ނޫންތަ” ހަފްސާ ހީލަމުން ބުނެލިއެވެ. މިޝަލްއަށް ހަފްސާގެ ހަރަކާތްތަކުން އޭނަ ބޭނުންވި ޖަވާބު ލިބުނެވެ. ބައްޕަގެ މަތިން ހަދާންވިއެވެ. ދުނިޔޭގައި ހުރިނަމަ އެމީހުންގެ އާއިލާއަކީ އެންމެ ފުރިހަމަ ޢާއިލާއަށް ވާނެކަން މިޝަލްއަށް ގަބޫލުކުރެވުނެވެ. ކުއްލިއަކަށް ހަފްސާގެ އެކަނިވެރިކަން މިޝަލްއަށް އިޙްސާސްވި ކަހަލައެވެ. ހަފްސާގެ ހިތްހަމަޖެހޭ ފަދަ މީހަކު ހުރިކަމާއިމެދު މިޝަލް އުފާކުރިއެވެ. ލޯބިވާ ބައްޕަގެ މަގާމަށް ކޮންމެ މީހަކު ނުގެންނާނެކަމުގެ އިތުބާރާ ޔަގީންކަން ހަފްސާއާއި ދޭތެރޭ މިޝަލްއަށް އޮވެއެވެ. އޭނަވެސް ބޭނުންވަނީ ހަފްސާ އުފަލުގައުޅޭށެވެ.
ކުއްލިއަކަށް ބޭރުދޮރުކައިރިން މީހަކު ސަލާމް ގޮވާލިއަޑު އިވުނެވެ. ހަފްސާއަށް އެއަޑު ވަގުތުން އެނގުނެވެ. އަވަސް ފިޔަވަޅުގައި ސިޓިން ރޫމުން ބޭރު ބަލާލިއެވެ. ބޭރު ދޮރުހުޅުވާލައިގެން ހުރީ ޖާވިދުއެވެ. ހަފްސާ ސަލާމް ބަލައިގަންނަމުން ޖާވިދުއަށް އެތެރެއަށް އައުމަށް ބުންޏެވެ.
“ހަފީ އޮފީސް ހެދުން ނޫން ހެދުމެއްގައި ފެނުމުން ނުވެސް އެނގުނު، އަޅެ ހަފީތަ ތީ……….” ޖާވިދު ހަފްސާ އަށް ސަމާސާ ކޮއްލިއެވެ.
“އެއްކަލަ ޖާވިދު………ދެން އާދޭ އެތެރެއަށް، ކާން ތައްޔާރުކޮށްގެން މިއުޅެނީ………” ހަފްސާ ބުނެލިއެވެ.
އެތެރެއަށް ވަދެގެން އައި ޖާވިދު ސޯފާގައި އިށީދެލައިގެން އިން މިޝަލްއަށް ބަލާލިއެވެ. ހަފްސާ ކާމޭޒު ކައިރިން ގޮނޑިއެއް ޖާވިދަށް އިށިންނަން ދެއްކިއެވެ.
“މީ ކޮންކުއްޖެއްތަ……..” ޖާވިދު ހަފްސާގެ ގާތުގައި މިޝަލްދައްކަމުން އަހާލިއެވެ.
“ސާބަސް ޖާވިދަށް ހަމަ ނޭގިގެންތަ ތިއެހީ، އެއީ ޝެބީ އެއްނު” ހަފްސާ ހިނިއައިސްފައި ވާހަކަދެއްކިއެވެ. “ޝެބީ އާދޭ ދަރިފުޅުވެސް ކާން………….” ހަފްސާ މިޝަލްއަށް ބުނެލިއެވެ.
“މީ ޝެބީތަ، ގަބޫލުވެސް ނުކުރެވޭ…………ހަފްސާ ވިހެއީ ފަތްމިންޏެއް ކަމެއް ނުދެނަ ހުރިން………..އޭރުގަ އަހަރެން އަންނައިރު ނެޕީކޮޅާއެކީ ފާޑެއްގެ ޖެލީއެއް އަނގައަށް ލައިގެން އުޅޭ ކުޑަކުޑަ ޝެބީތަ މީހަމަ، މިފަހަރު ހަމަ އަސްލުވެސް ނޭގުނު، އޭރު ހާދަ ޗަބީކޮށޭ ދޯ މިމަންޖެ ހުރީ………..އަބަދުހެން ހުންނާނީ ސޮނިބާލަ ބާލާ މޭމަތި ފޯކޮއްލާފަ……….” ޖާވިދު އަޖައިބުވެ އަންތަރީސްވެފައި އިނދެ ބުނެލިއެވެ.
ކާމޭޒު ކައިރީ އިށިން މިޝަލްގެ ގާތަށް ހިނިއައެވެ. އޭނަ ޖާވިދުއަށް ރަގަޅަށް ބަލާލިއެވެ. ތުނބުޅި އާއި މަތިމަސް ބާލާއޮމާން ކޮއްލާފައިވާ މޫނުމަތީގައި ދުވަސްވީވައްތަރު ޖަހަނީ ވަރަށް ކުޑަކޮށެވެ. ހިމަތޮޅު ހަށިގަނޑަކާ ދިގު އިސްކޮޅެކެވެ. ފެންނަ ފެނުމަށް މީހާ ހުންނަނީ ވަރަށް ހަމަޖެހިލާފައެވެ. އަތްދިގު މަޑު ނޫކުލައިގެ ގަމީހެއް ލާފައިހުރިއިރު އަތްކުރިވަނީ އަތުގެ ކުޑަހުޅުންމައްޗަށް އޮޅާލާފައެވެ. ގަދަ އަޅިކުލައަކަށް ދާ ފަޓުލޫނުގެ ދަށަށް ގަމީސް ޖަހާލައިފައި ހުރިއިރު ވަރަށް ސްމާރޓް ކަމަށް ދައްކައެވެ.
“ކޮބާ ޝެބީ ކާން ނުފައްޓަންތަ…..ނޫނީ ޖެލީއެއްތަ ބޭނުމީ…..” ޖާވިދު މިޝަލްއަށް ބުނެލިއެވެ. “ހަފީ ހަމަ އަސްލުވެސް މިމަންޖެ ހާދަ ބޮޑުވެއްޖެއޭ ދޯ، އެއީ ހަމަ ޖެލީ ކައިކައިތަ؟” ޖާވިދުއަށް ފެންއަޅައިދެން ހުރި ހަފްސާއަށް ބުނެލިއެވެ.
“ނޫން ދޯ މަންމާ” މިޝަލް ހެމުން ހެމުން ބުނެލިއެވެ.
“ދެން އަބަދަކު އެއްވަރަކަށް ނުހުންނާނެއެއްނު” ހަފްސާ ޖާވިދުއަށް ޖަވާބެއް ދިނެވެ.
“އެކަމަކު މަށަށް ހަފީ ތީ އަދިވެސް ހަމަ އޭރުގެ ހަފީ، ބަދަލެއް ނާދޭ………..” ޖާވިދުގެ އެޖުމްލައިން ހަފްސާއަށް ދޭހަވީ ތަފާތު މާނައެކެވެ.
މިޝަލްއަށް ޖާވިދުގެ ސަކަ މިޒާޖު ވަރަށް ކަމުދިޔައެވެ. ޖާވިދުގެ ވާހަކަ ތަކުން އޭނަގެ ކައިރީގައި އިންނަ މީހަކަށް ނުހީއެއް ނީނދެވޭނެއެވެ. ހަފްސާއަށް ޖާވިދުއަށް ހާއްސަކަމެއް ދެވުނީ ކީއްވެކަން މިޝަލްއަށް އެނގުނެވެ. އެއީ މިޝަލްގެ ބައްޕަގެވެސް މިޒާޖެވެ. ނުގުޅޭ މީހެއް ނުހުންނާނެއެވެ. އެންމެންގެ މޫނުމައްޗަށް ހިނިތުންވުން ގެނުވާނެއެވެ.
“އަދިވެސް އެގޭގަތަ ތިއުޅެނީ……….” ހަފްސާ ސޯފާގައި އިން ޖާވިދުއަށް ފޯއްތަބަށް ދިއްކޮއްލަމުން ބުނެލިއެވެ. މިޝަލް ކައިނިމިގެން ދިޔައީ ކޮޓަރިއަށެވެ. ހަފްސާ އާއި ޖާވިދުއަށް ވާހަކަ ދައްކާލުމަށް ފުރުޞަތު ދިނުމުގެ ބޭނުމުގައެވެ.
“ދެން ކޮންގެއަކު އުޅޭނީ، އަނެއްކާ ހަފްސާ އަހަރެން މިގެއަށް ގެންނަންތަ ތިއުޅެނީ………..” ޖާވިދު ފޯއްފޮއްޗެއް އަނގައަށް ލަމުންބުނެލިއެވެ.
“ޖާވިދޫ………..” ހަފްސާ ޖާވިދުގެ ކޮނޑުގައި ހިފާ ކޮއްޕާލިއެވެ. “ކުރިން ބުނީމެއްނު ގެ އެއްކޮށް ކުއްޔަށް ދޫކޮށްލަން ވެގެންނޭ މިއުޅެނީ” ހަފްސާ އޭނަ ބުނަންއުޅުނު ޖުމްލަ ފުރިހަމަ ކޮށްލިއެވެ.
“އާ ތިކަމާވެސް އެބަވިސްނަން، އެކަމަކު މިހާރު ހުންނާނީ ގޭގެ އެކިބައިބައި ކުއްޔަށް ދޫކޮށްފައި، އެގޮތްމާރަގަޅު………..އޭ އަންނަ މަހު އެބައުޅޭ ވަރުގަދަ ބެއްޔާއެއް އަންނަން އަހަރުން ގެއަށް……….” ޖާވިދު އެއްޗެއް ހަނދާން ވުމުން ބުނެލިއެވެ.
“ބެއްޔާއެކޭ……….ކާކު އަނެއްކާ…………” ހަފްސާ މޫނަށް ވައްތަރުތަކެއް ޖައްސާލަމުން އަހާލިއެވެ.
“އަތްބަލާލާ ހަދަން ވަރަށް ފައްކާވާނެ………ވަރަށް މޮޅަށް ފާލުވެސް ބަލާނެ……….” ޖާވިދު ބުނެލިއެވެ. އޭނަ ގެ ވާހަކަތަކަކީފޮނި ބައިސާ ބާއޭ ހަފްސާގެ ހިތަށް އަރަމުން ދިޔައެވެ. ނޫނީ އެކަމުގައި ހަގީގަތެއް އެކުލެވާ ބާއެވެ.
“ޖާވިދު، ތިހުންނަނީ އަހަރެން އެހާ ގަޔާވާ ކަންތައްތަކެއް ނޫން، ކީއްކުރަން އެކަހަލަ މީހެއް ޖާވިދުމެން ގޭގަ ބަހައްޓަން ތިއުޅެނީ؟” ހަފްސާ ބުނެލިއެވެ.
“އެއީ އަހަރެން ގެންނަ މީހެއް ނޫނޭ، ކާފަ ދުނިޔޭންފެށިގެންވެސް އޭނަ މާލެ އައިސްފިނަމަ ހުންނާނީ އަހަރުމެންގޭގަ………ދެން ތިވާހަކަ ބާއްވާފަ ބުނެބަލަ، މީ ވަންޓައިމް ކަމެއްތަ؟ ދެން ހަފީ އަހަންނަށް މިކަހަލަ ދައުވަތެއް ނުދޭނަންތަ؟” ޖާވިދު އާދޭހުގެ ގޮތަކަށް އަހާލިއެވެ.
“ދެން ތިކަމާ ވިސްނާލާނަން…………..މިގެއިން ޖާވިދަށް ކާންދިނުމަކުން ހަރަދު ބޮޑެއް ނުވާނެ……” ހަފްސާ މަޖަލަކަށް ހަދާލައިފައި ބުނެލިއެވެ. ޖާވިދުވެސް ހޭންފެށިއެވެ.
ހިނިއައިސްފައި ހުރި މީކާޢިލް ކުޑަދޮރުގެ ތެރެއިން ފުރޭނިގެން ކަހަލަ ގޮތަކަށް ވަނެވެ. އެނދުގައި ދެފައިވަށްކޮށްލައިގެން އަތުގެ ނިޔަފަތި ކާލަކާލާ އިން މިޝަލްއަށް މީކާޢިލް ފެނުމުން އުފަލުން ފުރުނުކަހަލައެވެ. އަވަހަށް ދެއަތް ދިއްކޮށްލެވުނީ އެއަތުގެ ތެރެއަށް އަންނާށޭ ބުނާފަދަ ގޮތަކަށެވެ.
“ޖާވިދު މިގޭގަ އަދިވެސް އެބައުޅޭދޯ……….” މީކާޢިލް މިޝަލްގެ ގާތުގައި އިށިންނަމުން ބުނެލިއެވެ.
“މީކާޢިލް ދަންނަންތަ ޖާވިދު؟” މިޝަލް އަހާލިއެވެ.
“އާ……..ރައްޓެހި ނޫނަސް އޭނަގެ ހުރިހާ ކަމެއް އަހަންނަށް އެނގޭ، އަހަންނަށް ނޭގި ކިހިނެއް މިގެއަށް ވަންނާނީވެސް” މީކާޢިލްގެ ރާގުގައި ޔަގީންކަމެއް އެކުލެވިފައި ހުއްޓެވެ.
“މީކާޢިލް، އަހަރެން ވަރަށް ކަންބޮޑުވޭ ބަނޑުގައި މިވާ ކުއްޖާގެ ސަބަބުން……….” މިޝަލް އޭނަގެ ބަނޑު ދައްކާލަމުން ބުނެލިއެވެ.
“އެކަމާ އެހާ ހާސްނުވެބަލަ ޒިޔަޒެލް ބުނި ހުރިހާ ކަމެއްވެސް ރަގަޅުކަމަށް………..” މީކާޢިލް މިޝަލް އޭނަގެ އުނގުގައި ބާއްވާލަމުން ބުނެލިއެވެ.
“އަހަރެން ހާސްވަނީ މަންމައަށް ނޭގި ނުދާނެތީ، މަންމަ ގާތު ބުނާނެ ގޮތެއްވެސް ނޭގެ، އަނެއްކޮޅުން ބަލިވެ އިންނަ އަންހެނުންނަށް ވާ އެއްވެސް ގޮތެއް އަހަންނަށް ނުވާތީ، އަހެރެންގެ ހަށިގަނޑަކަށް ބަދަލެއް ނާދޭ، ކުރިއެކޭ މިހާރެކޭ ވަކި ތަފާތެއްނެތް……ހަމައެކަނި އަހަންނަށް އެނގޭކަން އަހަރެންގެ ބަނޑުގައި ދަރިއަކުވާކަން” މިޝަލް ބުނެލިއެވެ.
“އަހަރެންވެސް ތިކަމާ ވިސްނަން، މިޝަލް ދެރަވާކަށް އަހަރެން ބޭނުމެއްނޫން………..މިޝަލްގެ މަންމަ މިޝަލްދެކެ ރުޅިއަންނާކަށްވެސް ބޭނުމެއްނޫން، މިޝަލްއަށް ކެރޭނެތަ އަހަންނާއެކު ދާން” މީކާޢިލް ބުނިއެއްޗަކުން މިޝަލް ހައިރާންވިއެވެ.
“ކޮންތާކަށް؟” މިޝަލް އަހާލިއެވެ.
“ވަކިން އަހަންނާއެކު ދިރިއުޅެން، އަހަރެން މިޝަލް ބޭނުންނަމަ މިހާރުވެސް ގެންގޮސްދާނަން، އޭރުން އެކަކަށްވެސް މިޝަލްގެ ކަމެއް ނޭގޭނެ” މީކާޢިލް ބުނެލިއެވެ.
“ނޫން……..ނޫން، އެގޮތް ކަމަކު ނުދާނެ، އޭރުން މަންމަ ބަލާނީ ކާކު، މަންމަ ވަރަށް ދެރަވާނެ އަހަރެން ގޮއްސިއްޔާ………..” މިޝަލް މީކާޢިލްގެ އަތްތިލާގައި ބާރަށް ހިފާލަމުން ބުނެލިއެވެ.
***********************
އިރު އަރާ އޮއްސޭހިނދު ދުވަސް ނިމުމަކަށް އާދެއެވެ. މިގޮތުން މިޝަލްގެ ހަޔާތުންވެސް ދުވަސްތައް ފާއިތުވަމުންދިޔައެވެ. އެދުވަސްތައް މަސްތަކަށް ބަދަލުވިއެވެ. މިޝަލްގެ ބަނޑަށްވެސް ފަސްމަސްވެއްޖެއެވެ. އިރުއޮއްސުނު އިރު މިޝަލް ހުރީ އޮފީހުގައެވެ. އާދައިގެ މަތިން އޭނާގެ މެންދުރުފަހުގެ ޑިއުޓީ އަދާކުރުމަށެވެ. ނަމަވެސް އޭނަގެ ބޮލުގައި ރިއްސައިގަތީ ތިޔަހެނެއްނޫނެވެ. ދެންމެ ދެންމެ މީހާ އަނބުރައިގަނެފާނެހެންވެސް ހީވިއެވެ. ކައިރީގައިތިބި މީހުންވެސް އޭނައަށް ވަކިނުވެއެވެ. މިޝަލް އަވަހަށް ކައުންޓަރު ދޮށުގައި ހުރި ގޮނޑީގައި އިށީނެވެ. ބޮލުގައި ހިފަހައްޓާލައިގެންނެވެ.
ފަނަރަ މިނެޓުވެސް ނުވެއެވެ. މިޝަލްގެ ބޮލުގެ ރިހުން އެއްކޮށް ކެނޑިގެން ދިޔައެވެ. ޑިއުޓީ ފްރީ ތެރޭ އުޅޭ މީހުންގެ ތެރެއިން މިޝަލް އަލައިނާ ހޯދަން އަވަސްވެގަތެވެ. އަލައިނާއަށް ކައިވެނީގެ އުފާވެރި ހަބަރު ރެހާން ދިނިއްސުރެން އޭނަ ހުންނަނީ ވަރަށް އުފާވެ ހިތްހަމަޖެހިފައެވެ. އެކަން ނޭނގޭ ސްޓާފަކު އޮފީހުގަވެސް އުޅޭހެނެއް މިހާރު ހިޔެއްނުވެއެވެ.
ކަސްޓަމަރަކަށް އެހީތެރިވުމުގައި އުޅުނު އަލައިނާ އެކަމުން މިންޖުވަންދެން މިޝަލް ސެންޓު ހަރުގަނޑެއް ކައިރީ މަޑުކޮށްލައިގެން ހުއްޓެވެ. އޭނަ އަށް މަޑުމަޑުން އޭނަގެ ނޭވާ ކުރުވާހެން ހީވާންފެށިއެވެ. ކަންފަތުގައި ފާޑެއްގެ ތޫލި އަޑެއް ހަރުލާފައި ހުއްޓެވެ. އެއަޑުގެ ސަބަބުން ކަންފަތްހީވަނީ ބައްވާހެންނެވެ. އެއާއެކު ދެން ވާންފެށި ކަމަކުން މިޝަލް ބިރުންގޮސް އޭނަގެ ހިތްނުހުއްޓުނީ ކިރިއާއެވެ. އެހެނީ އެފަދަކަމަކަށް މިރޭ އޭނަ ހުރީ ތައްޔާރުވެގެން ނޫންކަމެވެ. ދެފަޔަށް ލެވުނުހާ ބާރެއް ލާފައި ދުއްވައިގަތީ ފާހާނާ އާއި ދިމާލަށެވެ.
ފާހާނާއަށްވަތް އިރު ފުދޭވަރަކަށް މީހުންތިއްބެވެ. އަވަސްއަރުވާލާފައި ގޮސް ހުސްކޮށް އެއްކަނެއްގައި ހުރި ފާހާނާއަށް މިޝަލް ވަދެ ދޮރުތަންޑު އެޅުވިއެވެ. އޭރު އޭނައަށް މާނޭވާ ލެވެއެވެ. މީހާ ދާހިތްލާ ފޯވަނީއެވެ. ހާސްވެ ކަންބޮޑުވެގެންނެވެ. ލައިގެންހުރި ކޯޓުވައްތަރުގެ ޖެކެޓު ބޭލީ އޭގެ ގޮއްވަޅުތަށް ފޭވަމުންދާތީއެވެ. މިޝަލްގެ ހިނދި ހިނދިކޮށް ހުރި ބަނޑު ކުއްލިއަކަށް ބޮޑުވަމުންދިޔައެވެ.
މިޝަލްގެ ބަނޑަށް ދެމަސްފުރުނު ދުވަހުން ފެށިގެން އޭނާގެ ބަނޑު އެގޮތަށް ބޮޑުވުމަކީ އާކަމެއްނޫނެވެ. އެކަމަކު އެގޮތަށް މިޝަލްގެ ބަނޑު ބޮޑުވަނީ ހަނދު ބޮޑުވާ ދުވަސްވަރު، ހަނދު ބޮޑުވެ ފުރިހަމަވަމުން އަންނަ ވަގުތުކޮޅުއެވެ. އެކަން އެނގުނު ދުވަހުން ފެށިގެން މިޝަލް އެދުވަސްތަކުގައި އޮފީހަކަށް ނުނިކުމެ އެވެ. މިފަހަރު މިހެން ބަނޑު ބޮޑުވަންވީ އެއްވެސް ސަބަބެއް ނޭނގުނެވެ. ހަނދު ބޮޑުވެ ފުރިހަމަވާނެ ދުވަހެއް އަދި ނޭނގެއެވެ. އެދުވަސް ކައިރިވާވަރަކަށް މީކާޢިލް އެކަން މިޝަލްއަށް ހަނދާން ވެސް ކޮށްދޭނެއެވެ. މީކާޢިލް މިޝަލްގެ ގާތުގައި ނެތިސް ބަނޑުބޭރަށް ނުކުން މީ ފުރަތަމަ ފަހަރެވެ. މިޝަލްއަށް ހަދާނެ ގޮތެއް ނޭނގުނެވެ. މީކާޢިލް ހުރިނަމަ ޔަގީނުން ވެސް އޭނައަށް ކޮންމެވެސް ގޮތެއް އެނގޭނެއެވެ. ޒިޔަޒެލްގެ ވާހަކައިން އެނގޭގޮތުގައި އެމީހުންނަށްވެސް ޔަގީންކޮށް އިންސާނެއްގެ ރަޙިމުގައި އެމީހުންފަދަ މަޙުލޫގެއް އުފެދެމުން އަންނައިރު ވާނެ ގޮތްތަށް ބުނެދޭކަށްނޭނގެއެވެ.
މިޝަލް ލައިގެން ހުރި ޓޮޕްކޮޅު ހިއްލާލަމުން ބަނޑަށް ބަލާލިއެވެ. މީކާޢިލްއަށް ގޮވާލުމަށް ހިތްއެދުނެވެ. އެކަމަކު އޭނައަށްވެސް ގޮވާނީ ކިހިނެއްބާއޭ މިޝަލްގެ ހިތަށްއެރިއެވެ. ދެތިން މިނެޓުގެ ތެރޭ މިޝަލްގެ ހަށިގަނޑު މުޅިން ބަދަލުވެއްޖެއެވެ. މިހާރު އޭނާ ހުރީ ފަސްމަހުގެ މާބަނޑު އަންހެނަކަށްވެފައެވެ. ފާރުގައި ހުރި ތަށިމުށިތަކުގައި އެއްއަތް ޖައްސާލައިގެން ހުރި މިޝަލްއަށް ބެލެނީ އޭނާގެ ބޮޑުވެފައިވާ ބަނޑަށެވެ. ކަންފަތަށް އުނދަގޫ ކުރަމުންދިޔަ ތޫލި އަޑަށެވެ. ހިތްވަނީ އަވަސްވެފައެވެ. އެގޮތަށް ހުރެ ޑިއުޓީއަށް އެނބުރި ދާކަށް މިޝަލްއަކަށް ނުކެރޭނެއެވެ. ދެލޯ ފެންކަޅިވާން ފެށިއެވެ. ދޮރުފަތުގައި ކޯޓު އަޅުވާލުމާއިއެކު ބަނޑުގައި ދެއަތުން ހިފަހައްޓާލިއެވެ. މިއަދާ ހަމަޔަށްވެސް މިޝަލް ސިއްރުކުރަމުން އައިކަންތައް ފަޅާއަރަނީބާއޭ މިޝަލްގެ ހިތަށްއަރަމުންދިޔައެވެ. އެންމެންގެ ކުރިމަތީ ބޭޒާރުވެ މީހާ ފަލީޙަތްވާކަށް މިޝަލް ބޭނުމެއްނޫނެވެ. އެކަމަކު އޭނައަށް މިވަގުތު ކުރެވެން އޮތީވެސް ވަކި ކޮންކަމެއްހެއްޔެވެ. ޑިއުޓީގައި ނެތި ލަސްވަމުން އަލައިނާ އާއި އެހެން ސްޓާފުން އޭނާ ހޯދަން ފަށާނެކަން މިޝަލްގެ ސިކުނޑިއަށް އަރަމުން ދިޔަވަރަކަށް ދެލޮލަށް ޖާމާވާ ކަރުނަވެސް ގިނަވަމުންދެއެވެ.
މިޝަލްއަށް އޭނަގެ ބަނޑުގައިވާ މަޙުލޫގު ނުކުންނަން އުޅޭހެން ހީވާ ކަހަލައެވެ. މިޝަލްގެ ދެލޮލުން ފައިބަން ފެށި ކަރުނައާއިއެކު ހިތާހިތުން މީކާޢިލް އައުމަށް އެދެންފެށުނެވެ. މަޑުމަޑުން ވައިއަޑުން މީކާޢިލްގެ ނަން ކިޔެން ފެށުނީ ބޭއިޙްތިޔާރުގައެވެ. ފާހާނާގައި އުޅޭ އެހެން މީހުންނަށް އެއަޑެއްނީވެއެވެ.
މިޝަލްގެ ނަސީބު ރަނގަޅީ ކަމެއް ނޫނީ މިޝަލްގެ ރުއިމުގެ އަޑުއިވުނީކަމެއް ނޭނގެއެވެ. ކުއްލިއަކަށް ފާހާނާގެ ތެރޭގައި އެހުރީ މީކާޢިލްއެވެ. އޭނަގެ މޫނުމަތިން ފެންނަނީ ހާސްކަމެވެ. މީކާޢިލް މިޝަލްގެ ކޮނޑުގައި ހިފަހައްޓާލިއެވެ. އަދި އަވަހަށް މިޝަލްގެ ބަނޑުގައި އަތްޖައްސާލިއެވެ. މިޝަލްއަށް މީކާޢިލްގެ ގައިގާ ބައްދާލެވުނެވެ. މިޝަލް ވާހަކަދައްކަން ހުޅުވާލި އަނގައިގައި މީކާޢިލް ހިފަހެއްޓިއެވެ. އަދި މިޝަލް ގެނެސް މޭގައި ޖައްސާލުމަށްފަހު އެފަސްމަހުގެ ބަނޑުގައި ފިރުމާލީ ކަންބޮޑުވެފައި ހުރެއެވެ.
މީކާޢިލް އައިތާ މާގިނައިރެއް ނުވެއެވެ. ފާހާނާގެ ތެރެއިން މީހުންތައް ހުސްވާކަން މިޝަލްއަށް އެނގުނެވެ. މީހުން ވާހަކަ ދައްކާއަޑު ކެނޑެމުން ގޮސް ފާހާނާތެރެ އެއްކޮށް ހަމަހިމޭންވިއެވެ. އޭރުވެސް މިޝަލްއަށް ބެލެނީ އޭނަގެ ބޮޑުވެފައިވާ ބަނޑަށެވެ. ދެން މީކާޢިލްގެ މޫނަށެވެ.
“މިޝަލް ޒިޔަޒެލް ފާހާނާގައި އެބަހުރި މިތަނުން ނުކުންނައިރު އޭނަ ހުންނާނެ މިޝަލްއަށް ފެންނަގޮތަށް……” މީކާޢިލް ފާހާނާގެ ދޮރު ހުޅުވާލަމުން ބުނެލިއެވެ. މިޝަލް އަވަސް އަވަހަށް ބޯޖަހާލިއެވެ.
“މީކާޢިލް އަހަންނަށް ކިހިނެއްތައް މިވަނީ، ހަނދުވެސް ބޮޑެއް ނޫނެއްނު…………ކޮން އަޑެއްތަ އެއިވެނީ……..” މިޝަލް ސުވާލުތައް ކުރަންފެށިއެވެ.
“އެއަޑު އިވެނީ މީކާޢިލްއަށާއި މިޝަލްއާށާއި ދެމީހުންނަށް އެކަނި، އެއީ ބަނޑުގައި ތިވާ ކުއްޖާފުޅު ކުރާކަމެއް……..އަހަންނަށް އެކަމެއް ނުހުއްޓުވޭނެ، މީކާޢިލްއަށް އެއަޑު އިވުމާއެކު އަހަރެން ގެނައީ، ދައްކަބަލަ ބަނޑު…….” ޒިޔަޒެލް މިޝަލްއަށް ބުނެލިއެވެ.
“މިޝަލް އަހަރެން މިޝަލްއާއި ދުރަކުނޫނޭ އުޅެނީ، އެކަމަކު ޒިޔަޒެލް ގެންނަން ޖެހުމުން ލަސްވީ، އެއަޑު މީގެ ކުރިން އަހަންނަށް އިވިފައިވަނީ، މިޝަލްގެ ބަނޑު މީގެކުރިން ބޮޑުވާއިރުވެސް އަހަންނަށް އިވޭ އެއަޑު، އެކަމަކު މީގެ ކުރިން މިޝަލްއަކަށް ނީވޭ” މީކާޢިލްގެ މޫނުމަތިން ކަންބޮޑުވުން ފެންނަން ހުއްޓެވެ.
“ބަނޑުގައި ކުއްޖާ ބޮޑުވަމުންނު އަންނާނީ، މިހާރު އޭރާ ބަލާފަ ކުއްޖާ ބޮޑުވީމަ މިޝަލްއަށްވެސް އެއަޑު އެއިވެނީ، މިޝަލް ބިރު ނުގަންނައްޗޭ، މިޝަލްއަށް އެއްވެސް ކަމެއް ނުވާނެ….އެކަމަކު މިޝަލްއަށް ރޭގަނޑު މީހުންގެ ތެރޭ އުޅުމަކީ އުނދަގޫކަމަށް ވާނެ” ޒިޔަޒެލް ބުނެލިއެވެ.
“މީކާޢިލް މީނަގެއަށް ގެންދޭ އަވަހަށް އަހަންނަށް އޭނަގެ ބަނޑު ކުޑަހިނދުކޮޅަކަށް ހިންދާލެވިދާނެ، އެކަމަކު މީކީ އަބަދުކުރެވޭނޭ ކަމެއްނޫން، އެހެނީ އެކުއްޖާގެ ހިތްހުއްޓިގެން މަރުވެދާނެ، މިޝަލްގެ ހަށިގަނޑުގައި ވޭންއަޅާނެ އަހަރެން މިކުރާކަންތައް ފިލަންފެށުމުން، އެކަމަކު މިތަނުން އޭނަ ގެންދެވޭނެ އިތުރުގޮތެއްނެތް، މީހުންގެ ލޯތަކަށް ކެހިދެވޭވަރަށްވުރެ މީހުންވެސް ގިނައީ” ޒިޔަޒެލް މީކާޢިލްއަށް ބަލާލަމުން ބުނެލިއެވެ.
“ޒިޔަޒެލް މިޝަލްގެ ގާތުގައި މިތާ މަޑުކުރޭ، އަހަރެން އެބަ އަންނަން” މީކާޢިލް ބުނެލިއެވެ. ފާހާނާ އިން ނުކުމެގެން މީކާޢިލް ދިޔައީ މިޝަލްގެ ޑިއުޓީގައި ދެވަނައަށް ހުންނަ އިންޗާޖާރ ދިމާލަށެވެ.
ޑިއުޓީގައި އުޅުނު ދެވަނަ އިންޗާޖް ލައިޝާ އަށް އޭނަގެ ކުރިމައްޗަށް ހުއްޓުނު މިޝަލް ފެނުނެވެ. މިޝަލްގެ މޫނު ޑިއުޓީއަށް އައި އިރަށްތުރެން ތަފާތުކަން ފާހަގަ ކުރެވުނެވެ. ލައިޝާ އަށް އޭނަގެ ކުރިމަތީ ހުރީ އަސްލު މިޝަލް ނޫންކަމެއް ނޭނގެއެވެ. މިޝަލް އޭނަގެ ކައިރިން އެދުނީ ޑިއުޓީ ކުރިއަށް ގެންގޮސް ދިނުމަށެވެ. ކުއްލިގޮތަކަށް މިޝަލް ގެއަށް ދާން ޖެހުމުންނެވެ. ލައިޝާ އިތުރު އެއްވެސް ސުވާލެއް އަހާކަށް ބޭނުމެއްނުވިއެވެ. އޭނައަށް އާއެކޭ ބުނެވުނީ ކީއްވެކަމެއް އޭނައަކަށް ނޭނގެއެވެ. ހީވަނީ ލައިޝާގެ ސިކުނޑިއާއި މީހަކު ކުޅެނީހެންނެވެ. މިޝަލް އެދެމުން ދިޔައެއްވެސް ކަމަކާއި ދެކޮޅުހެދުމުގެ ބާރުވެސް އޭނަގެ ނެތްކަހަލައެވެ.
ކުއްލިއަކަށް ލައިޝާ އެނބުރި އޭނަގެ މަސައްކަތަށް ރުޖޫއަވިއެވެ. މިޝަލް އޭނަގެ ކައިރިއަށް އައިހެންވެސް އޭނައަށް ހީނުވެއެވެ. ދުރުގައި އަދިވެސް ކަސްޓަމަރުންނާއި ހެދި ބިޒީވެފައި ހުރި އަލައިނާއަށް މިއިން އެއްވެސް މަންޒަރެއް ފެނުމުގެ ކުރިން މިޝަލް އެނބުރި ފާހާނާ އާއިދިމާލަށް ހިނގައިގަތެވެ. ދެތިން ފިޔަވަޅު އެޅިތަން ފެނުނެވެ. ދެން ވީގޮތެއް ނޭގުނެވެ. މީހުންގެ ލޯތަށްމައްޗަށް ގެއްލުނީއެވެ.
ފާހާނާގެ ތެރެއަށް ވަދެގެން އައި މީކާޢިލް ޒިޔަޒެލްއަށް ބަލާލިއެވެ. ޒިޔަޒެލް ބޯޖަހާލިގޮތުން ހީވަނީ އެދެމީހުންގެ ދޭތެރޭ ކޮންމެވެސް ވާހަކައެއް ދެކެވުނުހެންނެވެ. ޒިޔަޒެލް އޭނަގެ އަތުގައި ރޮދިފަށްތަކަކަށް އަމުނާލާފައިވާ ގޮތަށް އޮތް މަޑުނޫކުލައިގެ އޮފުއަރާ ހިލަކޮޅު ޒާތުގެ އެތިނެގިއެވެ. އެދިގުވަށް ހިލަކޮޅުނަގާ ނިތްކުރީގައި ޖައްސާލުމަށްފަހު އޭނަގެ ތުންތަޅުވާލިތަން ފެނުނެވެ. އެއާއެކު އެހިލަކޮޅުގެ ތެރޭގައި ނޫކުލައިގެ އެކި ކުލަތައް ދުވާހެން މިޝަލްއަށް ހީވިއެވެ. ޒިޔަޒެލް އަވަހަށް ހިލަކޮޅު މިޝަލްގެ ފޫޅުގައި ޖައްސާލިއެވެ. އަދި ޒިޔަޒެލްގެ އަނެއްއަތުން މިޝަލްގެ މޭދަށުގައި، ބަނޑުގައި އަތްޖައްސައިލައިގެން ހުރެ އެއްޗެހިތަކެއް ކިޔަވަން ފެށިއެވެ. މިޝަލްގެ ލޮލަށް ބަރުވާންފެށިއެވެ. މާގިނައިރެއްނުވެ ހަބަރުހުސްވިއެވެ.
މިޝަލްއަށް ބާރަށް ރޮއެގަނެވުނެވެ. އޭނަގެ ދެލޯހުޅުވިގެން ދިޔައީ ކުއްލިއަކަށެވެ. އޭރު އޭނައޮތީ އޭނަގެ ކޮޓަރީގެ އެނދުގައެވެ. މިޝަލްގެ ހަށިގަނޑުގައި އަޅަންފެށި ވޭނުން ހަޅޭލަވައިގަނެވުނެވެ. ވޭނީ ރުއިމުގެ އަޑު ކޮޓަރިތެރޭ ފެތުރުނެވެ. މިޝަލް އަވަހަށް އޭނަގެ އަނގަމަތީ އަތްއެޅިއެވެ. ހަފްސާއަށް ނޫނީ ސާޝާއަށް އެއަޑު އިއްވަން ބޭނުންނުވާތީއެވެ. މީކާޢިލް އާއިއެކު ޒިޔަޒެލް މިޝަލް ހަމައަކަށް އެޅުވޭތޯ މަސައްކަތް ކުރެއެވެ. މިޝަލްއަށް އޭނަގެ ގައިން ދިލަނަގާހެންވެސް ހީވެއެވެ. ބަނޑުފަޅާލާފައި އެމަޙްލޫގު ނުކުންނަން އުޅެނީއޭވެސް ހިތަށްއަރައެވެ.
ހަފްތާއެއް މިކަމުގައި ވޭތުވެގެން ދިޔައިރު މިޝަލްގެ ބަނޑެއް ކުޑައެއް ނުވިއެވެ. މިއަދަކީ އޭނާގެ ބަނޑަށް ހަމަސް ފުރުނުދުވަހެވެ. މިހުރިހާ ކަމެއް މިދިމާވީ ހަމަސްފުރެން ކައިރިވެފައިވަނިކޮށެވެ. މިޝަލްއަށް ހަމައެކަނިއޮތްގޮތަކީ ހަފްސާގެ ގާތުގައި އޭނައިން ހާލު ބުނުމެވެ. އެކަމަކު އޭނަގެ އެހާހިތްވަރެއްނެތެވެ. އެކޮޓަރިތެރެ މިހާރަކަށް އައިސް ހުންނަނީ މުޅިންހެން އަނދިރިކޮށްލާފައެވެ. ރޭގަނޑު ކޮޓަރީގައި ފަނޑު ފަނޑު ނިދާ ބޮކީގެ އަލިނޫނީ ނުބަހައްޓައެވެ. އެހެނީ އެކޮޓަރީގައި އުޅެމުންދަނީ ހަމައެކަނި މިޝަލް ނޫންކަމެވެ. އެކޮޓަރިއަށް އެހެން މަޙުލޫގުންވެސް އައިސް ގޮސްހަދައެވެ. މީކާޢިލްގެ ހުރިހާ ވަގުތެއް ވަނީ މިޝަލްއަށް ދެވިފައެވެ. ޒިޔަޒެލް ކޮންމެދުވަހެއްގެ ދެއިރަށް މިޝަލްގެ ހާލުބަލަން އާދެއެވެ.
މީކާޢިލްގެ މަންމަ ބަހީރާގެ އެހީވެސް ކުޑައެއްނޫނެވެ. ބަލްޤިސް މިޝަލްގެ ހާލުބަލަން ކޮންމެދުވަހަކު އާދެއެވެ. އެދެމައިން މިޝަލްއަށް އެކިކަންކަމުގައި އެހީތެރިކަން ފޯރުކޮއްދެއެވެ. މިޝަލްއަށް އެމީހުންގެ ފަރާތުންލިބެމުން ދިޔަ ހިތްހެޔޮކަމާއި އޯގާތެރިކަން ފުދެއެވެ.
ބަހީރާ އިނީ މިޝަލްގެ ހިތްވަރުގަދަކަމާއިމެދު އަޖައިބުވެފައެވެ. ހަށިގަނޑުގައި އަޅާވޭނަށް އޭނަ ކެތްތެރިވާތަންފެނުމުން އެހިތުގައި މިޝަލްއަށް ހާއްސަ ގަދަރެއްދެވުނެވެ. އޭނަގެ ފިރިހެންދަރިފުޅުގެ ހޮވުން ހަމައެއްވަނަކަން އެނގުނެވެ. އެކަމަކު ބަހީރާގެ މޫނުގައިވާ ހިނިތުންވުން ފަޑުވެގެން ދިޔައީ މިޝަލްއަކީ އިންސާނެއްކަން ހިތަށްއަރާފައެވެ. އަންހެން ދަރިފުޅު ބަލްޤިސް މިޝަލް އާއިގެން އުޅޭވަރު ފެނިފައިވެސް އޭނަ އަޖައިބުވެއެވެ. މި ނިކަމެތި އިންސާނާ އޭނަގެ ދެދަރިންގެ ލޯތްބާ ކުލުނު ހޯދިގޮތަކާއިމެދު ސުވާލުއުފެދެއެވެ. މީކާޢިލްގެ ބައްޕަ އައިޒަން މިޝަލްއާއި އޭނަ ދުރުނުކުރުވުމުގެވެސް ކޮންމެވެސް ސަބަބެއް އޮންނާނެކަން ޔަގީނެވެ.
މީކާޢިލްއަށް ނޭގުނު ކަމުގައިވިޔަސް އައިޒަން މިޝަލްގެ ހާލު ދުރުދުރުން ބަލައެވެ. ލިބެންއުޅެނީ ކާފަދަރިއެއްކަމާއި މެދު އެއްވެސް ޝައްކެއް ނުކުރެއެވެ. ބޭރަށް ފާޅު ނުކުރިކަމުގައިވިޔަސް އެހިތުގައިވެސް އުފާވެރިކަން ވެއެވެ. އެންމެގެވެސް ބޭނުމަކަށް ވެފައިވަނީ އެކުއްޖާ މިދުނިޔަށް ހެޔޮހާލުގައި އުފަންކުރުމެވެ.
ހަފްސާ ބޮލުގައި ރިއްސާތާ ދެދުވަހެއް ވެއްޖެއެވެ. މިޝަލް އާއި ހެދިއެވެ. މިޝަލް ގޭތެރޭގައި ކުރިން އުޅޭގޮތަށް، އުޅޭތަން ނުފެންނާތީއެވެ. ކާގަޑީގައި ކާމޭޒު ދޮށުންވެސް ނުފެންނާތީއެވެ. ކާކަމެއްވެސް ނުކާކަމެއްވެސް ހަފްސާއަށް ނޭގޭތީއެވެ. ސާޝާވެސް އެކޮޓަރި ސާފުކުރަން ނުވަންނަތާ އެތަށް ދުވަހެއް ވީކަމެވެ. އެކަކުވެސް އެކޮޓަރިއަށް ވަންނަން ގަބޫލުނުވާތީއެވެ. ހަފްސާއަށް ވިސްނާ ވިސްނާވެސް މިޝަލްއަށް ވީގޮތެއް ނޭގުނެވެ. ހަފްސާ އަލައިނާއަށް ގުޅުމުން އޭނަގެ ފަރާތުންވެސް ލިބުނީ ހައިރާން ކުރުވަނިވި ޖަވާބެކެވެ. މިޝަލް އޮފީހުންވެސް ކެނޑުނު ވާހަކައެވެ. އަލައިނާވެސް ގުޅުމުން ފޯނުނުނަގާވާހަކައެވެ. މިހާ ހިސާބަށް ކަންތައް ދިޔަކަމެއް ހަފްސާ އެއްގޮތަކަށްވެސް ނުދެނަހުއްޓެވެ. މިޝަލްގެ ކޮޓަރި ތަޅުލައިގެން ކުރަނީ ކީއްކަމެއް މީގެ ކުރިން ހަފްސާ ބަލާކަށް ބޭނުމެއް ނުވެއެވެ. ދަރިފުޅަށް ކުރާ އިތުބާރެއްގެ ބޮޑުކަމުންނެވެ. އެކަމަކު މިޝަލްއަށް ކޮންމެވެސް ކަމެއްވެއްޖެކަން ހަފްސާއަށް އެނގުނެވެ. އޭނަގެ ހިތް ބިރުގަންނަން ފެށިއެވެ.
ހަވީރު އޮފީހުން އައިސް ގެއަށް ވަތްގޮތަށް ހަފްސާ ދިޔައީ މިޝަލްގެ ކޮޓަރިއާއި ދިމާލަށެވެ. މިޝަލްގެ ކޮޓަރި ދޮރުގައި ދެފަހަރަކު ޓަކި ޖަހާލިއެވެ.
“ޝެބީ، ޝެބީ…ދަރިފުޅު ކޮޓަރީގަ އެބައުޅެންތަ” ހަފްސާ އޭނަގެ ދަބަހުން ފޯނުނަގަމުން އަހާލިއެވެ. ކޮޓަރި ތެރެއިން އެއްވެސް ޖަވާބެއް ނުލިބުނެވެ. ހަފްސާ މިޝަލްގެ ފޯނަށް ގުޅާލިއެވެ. ހަފްސާއަކަށް ރިންގުވާ އަޑެއް ނީވުނެވެ. އޭނަ ސާޝާއަށް ގޮވާލިއެވެ. އަދި ތަޅުދަނޑިފަތި ގެނައުމަށް ބުންޏެވެ.
ކޮޓަރީގައި ހުރި ބަލްޤިސް މިޝަލްއަށް ބަލާލިއެވެ. “ދައްތާ، ދައްތަ ބުނެފިއްޔާ މިދޮރު ނުހުޅުވޭގޮތް ހަދާލަފާނަން………” ބަލްޤިސް ހާސްވެފައިވާ މިޝަލްގެ ގާތުގައި އިށީންނަމުން ބުނެލިއެވެ.
“ނޫން! ނޫން!” މިޝަލްއަށް އަވަހަށް ބުނެލެވުނެވެ.
“އެއީ އަހަރެންގެ މަންމަ، މީކާޢިލް…” މިޝަލް ދުރުގައި ހުރި މީކާޢިލްއަށް ގޮވާލިއެވެ. ވިދުވަރެއްހެން ކުއްލިއަކަށް އައިސް މިޝަލްގެ ކުރިމައްޗަށް ހުއްޓުނެވެ.
“މީކާޢިލް، އަހަރެން ބޭނުންވަނީ މިކޮޓަރިން މީކާޢިލް ނޫން އެހެން މީހުން އެހަށް ދާން، އަހަރެންގެ މަންމަ އާއި ކުރިމަތިލާން ކޮންމެވެސް ދުވަހަކުން ޖެހޭނެކަން އަހަންނަށް އެނގޭ، މިއަދު އަހަރެން މިހިރީ ކޮންމެ ކަމަކާވެސް ކުރިމަތިލާން ތައްޔާރަށް، އެކަމަކު އަހަންނަށް މީކާޢިލްއަކާއި ދުރެއްނުވެވޭނެ، މީކާޢިލް އަހަންނަށް ފެންނަ ހިސާބުގައި މަޑުކޮށްދިނުން އަހަރެން ވަރަށް ބޭނުން” މިޝަލް އެނދުން ތެދުވަމުން ބުނެލިއެވެ. އޭނަ ވަނީ ހަމަހުގެ ބަނޑާއިއެކު ބަރުހެލިވެފައެވެ.
“ދަރިފުޅާ، ތީ ހިތްވަރުގަދަ ކުއްޖެއް، އިރާދަކުރެއްވިއްޔާ ދެރަގޮތެއް ނުވާނެ، މީވެސް މައެއް، މިޝަލް މިމަންމައަށް މާމަކިޔާނެ ކުއްޖަކު ދޭން ކުރާ ހިތްވަރު މަންމައަށް އެބަފެނޭ، މަންމައަށް އެނގި ޔަގީންވޭ މީކާޢިލް އާއިއެކު ދަރިފުޅު ކޮންމެހާލެއްގަވެސް އުޅޭނެކަން…….ބަލްޤިސް، ހިނގާދަމާ، މީ މިޝަލްގެ އިމްތިހާންގެ ވަގުތުކޮޅު، އޭނަ އެމީހުންގެ ދުނިޔޭގެ އާދަކާދައާ ކުރިމަތިލާން ޖޭހޭނެކަން އޭނައަށްވެސް އެނގޭނެ، މީގަ އަހަރުމެންނަށް ކޮށްދެވޭނެ ކަމެއް ނެތް….މިމަންމަގެ ރުހުންވަނީ މިޝަލްއާއިއެކު…” ބަހީރާ މިޝަލްގެ ކޯތާފަތުގައި ދެއަތުން ހިފާލަމުން ނިތްކުރީގައި ބޮސްދިނެވެ. މިޝަލް އާއެކޭ ބުނުމުގެ ގޮތުން ބޯޖަހާލިއެވެ. އެއާއެކު މީކާޢިލް ފިޔަވައި ދެންތިބި މީހުން ގެއްލުނެވެ.
މިޝަލް ސިއްސައިގެން ދިޔައީ އެކޮޓަރީގެ ދޮރުގައިވާ ތަޅުގައި މީހަކު ހިފާލުމުންނެވެ. މިޝަލްއަށް ހަފްސާ ނޫން ދެވަނަ މީހަކަށް ނުވާނެކަން އެނގުނެވެ. އޭނާ އެނދުގައި އިށީނދެ ރަޖާގެނެސް އޭގެ އެއްބައިން ބަނޑު ފޮރުވާލިއެވެ. އަދި އޭނާގެ އާދަޔާ ހިލާފަށް ދިގުވަމުން އައި އިސްތަށިގަނޑު އެއްފަރާތުން ކުރިމައްޗަށް ވާގޮތަށް ވައްޓާލިއެވެ. އޭރު މިޝަލްއަށް ތަޅުވަޅުގެ ތެރެއަށް ތަޅުދަނޑި ލާފައި އަނބުރާލި އަޑުއިވިއްޖެއެވެ. އެއާއެކު ދޮރުހުޅުވިގެން ދިޔައެވެ.
“ދަރިފުޅާ………ޝެބީ، ހާދަ އަލިމަޑުކޮށްލައިގެން ތިއުޅެނީ…….މަންމަ މިހިރީ ވަރަށް ކަންބޮޑުވެފަ ދަރިފުޅު މިހާރު ތިއުޅޭ ގޮތުން” ކޮޓަރިތެރެއަށް ވަތް ހަފްސާ ދޮރުލައްޕާކަށް ބޭނުމެއްނުވިއެވެ. އަވަހަށް ފާރުގައި އިން ސުވިޗު ޖައްސާލިއެވެ. އެއާއެކު މުޅިކޮޓަރިތެރެ އަލިވެގެން ދިޔައެވެ. މިޝަލްއަށް އޭނަގެ ދެލޯ މަރާލެވުނެވެ. ކުއްލިއަކަށް އަލިވުމުންނެވެ.
“ޝެބީ…” ހަފްސާ ހުރީ ހައިރާންވެ އަންތަރީސްވެފައެވެ. އެއީ އޭނަގެ މިޝަލް ބާއޭ ހިތަށް އަރާފައެވެ. މިޝަލްގެ މޫނުމަތި އަލިވެފައި ރީތިކަންވަނީ އިންތިހާއަށް ގޮއްސައެވެ. ކަޅު ފަށުވިކޮޅެއްހާ ފަންއިސްތަށިގަނޑުގެ ދިގުމިންފެނިފައެވެ. މާޔޫސްވެފައިވާ ނަޒަރަކުން މިޝަލް ހަފްސާއަށް ބަލާލިއެވެ.
“މަންމާ…” މިޝަލްގެ އަޑުގައިވަނީ ޖެހިލުންވުމެވެ.
“މިޝަލް، މަންމައަށް މިފެންނަނީ ކޮންކަމެއް” ހަފްސާ މިޝަލް އާއި ތަންކޮޅެއް ދުރުގައި ހުއްޓިލަމުން އަހާލިއެވެ. އެވަގުތު ސާޝާވެސް އައިސް އެކޮޓަރި ދޮރުމަތީ ހުއްޓުނެވެ. އޭނަގެ މޫނުމަތިންވެސް ފެނުނީ ހަމައެއް ކުލަވަރެކެވެ. އެދެމީހުންނަށްވެސް އެކޮޓަރީގެ ތެރެއިން މީރުވަހެއް ދުވިއެވެ.
“ޝެބީ، މީ ޝެބީގެ މަންމައެއް ނޫންތަ، ވެގެން އުޅޭ ގޮތެއްވެސް ކިޔާދިނީމައެއްނޫންތަ އެނގޭނީ، ދަރިފުޅު އޮފީހުންވެސް ކެނޑުނީ މަންމައަށް އަންގާވެސް ނުލާ، ކޮބާތަ މައްސަލައަކީ، ގައިމު ދަރިފުޅު ނުލާހިކު ދާހިތުން ދިޔަތަނެއްނު އެއީ، ދަރިފުޅު ބަލީތަ، ފޮއްސި ފާޑަކަށް ތިއިންނަނީ، އަނެއްކާ ޝެބީއަށް ކިހިނެއްވީ” ހަފްސާ މިޝަލްގެ ގާތަށް ޖެހިލިއެވެ. އެއާއެކު މިޝަލް އޭނަގެ ބަނޑާދިމާލަށް ރަޖާ ބޮޑަށް ދަމާލިއެވެ.
“ކޮންމެވެސް އެއްޗެއް ބުނެބަލަ، މަންމަ ކިހާ ކަންބޮޑުވާނެތަ، އޭތް! ޝެބީ، އަނގައިން ބުނެބަލަ” ހަފްސާ މިޝަލްގެ ގާތުގައި އެނދުގައި އިށީނެވެ. އަދި މިޝަލްގެ ނިތްކުރީގައި އަތުގެ ނުފުށްޖައްސާލީ އޭނަބަލީތޯ ބަލާލުމުގެ ނިޔަތުގައެވެ. އޭރުވެސް މިޝަލް އިސްޖެހިގޮތަށް އިނީއެވެ. ހަފްސާ މިޝަލްގެ ކޮނޑުގައި ހިފާ ތަޅުވާލިއެވެ. އަދި ރަޖާ ދުރަށްލުމަށް ހިފާލިއެވެ.
މިޝަލްއަށް ބަލާލެވުނީ ކުޑަދޮރުކައިރީ ހުރި މީކާޢިލްއަށެވެ. އެވަގުތު އެރަޖާ ހަފްސާގެ އަތުގެ ތެރެއަށް ދިޔައެވެ. މިޝަލްގެ ބޮޑުވެފައިވާ ބަނޑު ހާމަވެގެން ދިޔައެވެ. ހަފްސާއަށް ހީވީ އޭނަގެ ހަށިގަނޑަށް ކަރަންޓު ޝޮކެއް ދިންހެންނެވެ. ދެލޯ ބޮޑުކޮށްލެވުމާއިއެކު އޭނާ ސިހިގެންދިޔައެވެ. އެވަގުތު މިޝަލްގެ ހިތަށް އެތަކެއް އިހްސާސެއް އެއްފަހަރާ ކުރެވެމުންދިޔައެވެ. އޭނަވަނީ ލަދުވެސް ގަނެފައެވެ. ބިރުވެސް ގަނެފައެވެ. ކޮންމެގޮތެއްވިޔަސް އެއީ އޭނާ އަމިއްލައަށް ލިބިގަތް ކަމެކެވެ.
ހަފްސާ އަޖައިބުވެގެން ގޮސް އަނގަހުޅުވުނެވެ. އެއްޗެއް ބުނަން އުޅުނުހެންވެސް ހީވިއެވެ. އެކަމަކު އެއްވެސް އަޑެއް ނުނުކުތެވެ. ހަފްސާއަށް އޭނާގެ ލޮލަށްފެންނަމުންދާ މަންޒަރު ގަބޫލެއް ނުކުރެވުނެވެ. ދެލޮލުގައި އަވަސް އަވަހަށް އަތްހާކާލެވުނެވެ. އަދި އަނެއްކާވެސް ގާތުގައި އިން މިޝަލްއަށް ބަލާލިއެވެ.
މިޝަލް ކަންބޮޑުވުމާއިއެކު ހިންދިރުވާލެވުނެވެ. އެއާއެކު އެނދުން މަޑުމަޑުން ތެދުވިއެވެ. ހަމައެވަގުތު ކުޑަދޮރުކައިރީގައި ހުރި މީކާޢިލް ކުރިއަށް ފިޔަވަޅެއް އަޅާލިތަން ފެނުނެވެ. މިޝަލް ބޮލުގެ އިޝާރާތުން ނޫނެކޭބުނެލިއެވެ. މިޝަލް ޑްރެސިންގ ޓޭބަލްގައި ހިފަހައްޓާލައިގެން ހުރިއިރު ހަފްސާއަށް ފެންނަނީ މިޝަލްގެ ފުރަގަހެވެ. އޭނައަށް ހަފްސާއާއި ކުރިމަތިލާން ނުކެރުނީއެވެ.
“މަންމާ….މަންމާ، އަޅުގަނޑު އިންހާލު މަންމައަށް ފެނިލައްވައިފި، އިނގޭ މަންމަގެ ހިތުގައި އެތަކެއް ސުވާލުތަކެއް އުފެދޭނެކަންވެސް” މިޝަލް ފުރަގަސް ދީގެން ހުރެ ހަފްސާއާއި ވާހަކަދައްކަންފެށިއެވެ. މިޝަލް ސިއްސައިގެން ދިޔައީ ހަފްސާ އޭނަގެ އަތުގައި ވަރަށް ބާރަށް ހިފައިފައި ހަފްސާ އާއި ދިމާލަށް އަނބުރާލުމުންނެވެ. ހަފްސާ މިޝަލްގެ ދެކޮނޑުގައި ހިފާ ތަޅުވައިގަތެވެ.
“ޝެބީ، ކިހިނެއް؟ ކޮންއިރަކު؟ ދެން ކިހިނެއް ހަދާނީވެސް” ހަފްސާ ގެ ސިކުނޑި އެތަކެއް ސުވާލުތަކަކާއިގެން އެނބުރިގަތެވެ.
“މަންމާ….މަންމަ ހާސްވެނުލައްވާ، އަޅުގަނޑު މިކަމުގައި ބޭނުންވަނީ މަންމަގެ އެއްބާރުލުން، މަންމަ ނޫނީ އަޅުގަނޑު ކަމަކު ކިޔާނޭ ދެވަނަ މީހެއް ކޮބާ” މިޝަލް ހަފްސާއަށް އެއްޗެއް ވިސްނާދިނުމަށް ބޭނުންވެއެވެ.
“ސުބުޚާނަﷲ، އެއްބާރުލުމޭ، ތިކަމުގަ، ދަރިފުޅަށް އެނގޭތަ ދަރިފުޅު ތިހުރި ހާލު، ކާކުގެ ދަރިއެއް އެއީ؟، މަންމަ ހީނުކުރަން މިހާ ޅައެއްޗެއް އަޅާނެ ކަމަށް، ކައިވެންޏަކާ ނުލާ ބަލިވެ އިނުމުން ދެންވާނެ ގޮތްވެސް ދަރިފުޅަށް އެނގޭނެ، ކައިވެންޏެއްގެ ކުރިން ތިމާގެ އަބުރު ސަލާމަތް ކުރަންވާނެއެއްނު” ހަފްސާއަށް އޭނަގެ ބޮލުގައި ހިފަހައްޓާލެވުނެވެ. އެވަގުތު އެކޮޓަރީގެ ދޮރުމަތީ އައިސް މަޑުކޮށްލެވުނު ސާޝާއަށް އޭނާގެ އަނގަމަތީ އަތްއަޅާލެވުނެވެ. އޭނައަށްވެސް ހުރީ ގަބޫލުކުރަން ދަތިވެފައެވެ.
“މަންމަ ބޭނުން މިޝަލްގެ ބަނޑުގައި ތިވާ ކުއްޖާގެ ބައްޕައާއި ވާހަކަދައްކަން….ނަންބަރު މަންމައަށް ދީ” ހަފްސާ ކުއްލިއަކަށް ފޯނުހޯދަން އުޅެގަތެވެ.
“މަންމާ! މީ އަޅުގަނޑުމެން ދެމީހުންގެ ލޯބީގެ ނިޝާނެއް، އޭނަވެސް އަޅުގަނޑުދެކެ ވަރަށް ލޯބިވޭ، މަންމަ މިދަރިފުޅުގެ ބައްޕައަށް އެއްވެސް އެއްޗެއް ބުނާކަށް އަޅުގަނޑު ބޭނުމެއްނޫން، އޭނަ ހުރިތަނުގައި އޭނަ ބަހައްޓާ، މަންމައަކަށް އަހަރުމެންގެ ފަރާތުން އެއްވެސް އުނދަގުލެއް ނުފޯރާނެ” މިޝަލް، މީކާޢިލް ހަފްސާގެ ކުރިމައްޗަށް ގެންނާކަށް ބޭނުމެއް ނޫނެވެ. ހަފްސާއަށް މީކާޢިލް ފެނިއްޖެނަމަ އޭނައަށް އިންސާނެއްފަދައިން އުޅެން މަޖޫބުރުވެދާނެތީއެވެ. މިޝަލް މީކާޢިލް ދެކެ ލޯބިވީ މީކާޢިލްއަކީ އިންސާނެއްނޫންކަން އެނގިހުރެއެވެ. ވީއިރު މިއަދު އޭނަ މީކާޢިލްއަށް އިންސާނަކަށް ވެގެން އުޅޭކަށް މަޖުބޫރުކޮށް ޝަރުތެއް ނުކުރާނެއެވެ.
“އޭނަ ޝެބީއަށް ތިދިނީ ކިހާބޮޑު ލަނޑެއްތަ؟، ދުނިޔެއާއި ކުރިމަތިލާން ޖެހޭނީ ދަރިފުޅު، ކީއްވެތަ ދަރިފުޅު ތިފަދަ ކަމެއް ކުރީ؟ ދަރިފުޅަށް ކޮންކަމެއް ނުކޮށްދެވިގެންތަ؟ މިނިވަންކަން ދިނީ ތިފަދަކަމެއް ކުރާކަށް ނޫނޭ” ހަފްސާގެ އަޑުވެސް ބާރުވާންފެށިއެވެ.
“ޕްލީސް މަންމާ، މަންމަ ރުޅިނާދެބަލަ، އަޅުގަނޑު ގޮސްދާނަން މަންމަ ބޭނުމިއްޔާ، އަޅުގަނޑަށް ކެރޭނެ މީހުންނާ ކުރިމަތިލާންވެސް، މިދަރިފުޅަށްޓަކާ ލަދެއްވެސް ނުގަންނާނަން، އަޅުގަނޑުގެ ބަނޑުގައި މިވަނީ ވަރަށް ޚާއްޞަ އަމާނާތެއް، މިދަރިފުޅު މިދުނިޔެއަށް އުފަންކުރަން އަޅުގަނޑު ބޭނުން، މަންމަގެ އެއްބާރުލުންވެސް އަޅުގަނޑު ބޭނުން”
މިޝަލްގެ ބައްޕަ ނިޔާވިފަހުން ހަފްސާ އޭނައާއި އަޑުހަރުކޮށް ބާރަށް އެއްޗެއް ބުނެފައެއްނުވެއެވެ. އެހެންވެ ހަފްސާ ބާރަށް މިޝަލްއާއި ސުވާލުކޮށް އެއްޗެތިކިޔަން ފެށުމުން އޭނާގެ ހިތަށް އަސަރުކުރިއެވެ. ދެލޯ ފެންކަޅިވިއެވެ. ހަފްސާއަށް ވިސްނާދެން އޭނަ ކިތަންމެހާވެސް ބޭނުމެއެވެ. މިޝަލް ބޭނުންވަނީ އޭނަގެ އުފަލުގައި އޭނަގެ އާއިލާއިންވެސް ބައިވެރިވުމެވެ. އުފާފާޅުކުރުމެވެ. މީކާޢިލް އާއިއެކު ގިނަވަގުތުތަކެއް ހޭދަކުރެވެމުންދިޔަ މިޝަލްއަށް އޭނަ އުޅެމުން ގެންދާދުނިޔޭގެ ކަންތައްތަކާއިމެދު ވިސްނާ ފިކުރުހިންގުނުލެއް މާލަސްވީއެވެ. މިޝަލް ހީކުރިގޮތުގައި ހަފްސާއާއި އޭނައާއި ހިޔާލުއެއްގޮތްވާނެއެވެ.
މިޝަލް އެއްޗެއް ނުބުނެ އިސްޖަހާލައިގެން ހުރިގޮތަށް ހުއްޓައި، ހަފްސާ ކޮޓަރިން ނުކުމެގެން ދިޔައެވެ. ހަފްސާ ހުރީ ރުޅިއައިސް ދެރަވެސް ވެފައެވެ. ކުއްލިއަކަށް މިވީ ކިހިނެއްބާއޭ އޭނަގެ ހިތާ ސުވާލުކުރެވުނެވެ. ހަފްސާ ނުކުމެގެން ދިއުމާއިއެކު މިޝަލްގެ ބަޑިފަޅައިގެން ދިޔައެވެ. ހަފްސާ އެގޮތަށް ރުޅިއައިސްގެން ދިއުމުން މިޝަލްގެ ހިތަށް މާބޮޑަށް އަސަރުކުރީއެވެ. ސާޝާ އަވަހަށް އައިސް މިޝަލްގެ ގައިގާ ހިފަހައްޓާލިއެވެ. މީކާޢިލް އައިސް މިޝަލްގެ ގާތުގައި ހުއްޓުނީ މިޝަލްގެނެސް އެއަތުގެ ތެރެއަށް ލާންބޭނުންވެގެންނެވެ. އޭނަ މިއިންއެއްވެސް ކަމެއް ވާކަށް ބޭނުމެއް ނޫނެވެ. ހާއްސަކޮށް މިޝަލްގެ ލޮލުން އެންމެ ކަރުނަތިއްކެއްވެސް ވެއްޓޭކަށް ބޭނުމެއްނުވެއެވެ. އެކަމަކު އެއީ މިޝަލްގެ މަންމައެވެ. އެކަމުގައި މީކާޢިލްއަށް ކުރެވޭނެކަމެއް ނެތެވެ.
ހަފްސާ އޭނަގެ ކޮޓަރިއަށް ވަދެ އެނދުގައި އިށީނދެވުނުއިރު އޭނަގެ ލޮލުންވެސް ކަރުނަ އަތުވެއްޖެއެވެ.
“މީ އަހަރެންގެ ކުއްތަ؟ މިއަދު މިޝަލްގެ ބައްޕަ ހުރިނަމަ މިފަދަ ކަމެއް ނުވީސްކަން ޔަގީން، އަހަރެންނަށް ދަރިފުޅު ތަރުބިއްޔަތު ކުރަންޖެހޭވަރަށް ނުކުރެވުނީ، މިޝަލްއަކީ ވިޔާނުދާ ކުއްޖެއްނޫން، ދެން ކީއްވެ، ކީއްވެ އެދަރިފުޅަށް އެގޮތަށް ދިމާވާންވީ؟، ކުށަކީ އަހަރެންގެ ކުށްބާ، އެދަރިފުޅާއެކު ވަގުތު ހޭދަކުރުމުގެ ބަދަލުގައި އަހަންނަށް އިސްކަން ދެވުނީ ވިޔަފާރިއާއި އަހަރުމެން ދެމައިންގެ ދިރިއުޅުން ތަނަވަސް ކުރެވޭތޯ، އެއްފަހަރުވެސް އެދަރިފުޅުގެ ހިތުގައި ހިނގާ ޝުޢޫރުތަކުގެ އަޑުއަހާލާނެ ވަގުތެއް ނުވި، އެއްފަހަރުވެސް އެހިތުގެ އިޙްސާސްތައް އަހާނުލެވުނު….ބޮޑުވަމުން އައީ އެކަހެރި މާހައުލެއްގައި، ގިނަކަންތައްތައް ކުރަން ދަސްކުރީ އަމިއްލައަށް…..މިއަދު އަހަންނަށް ވުރެ ބޮޑު ކުއްވެރިއަކު ވާނެތަ؟” ބާލިސް މައްޗަށް ވެއްޓިގަތް ހަފްސާއަށް އޭރު އަޑުގެ ނެތްތަނަށް ރޮވިއްޖެއެވެ. މޫނާއެކު ބާލިސް ބާރުކޮށްލީ ރުއިމުގެ އަޑު އެހެންމީހަކަށް އަޑުއިވިދާނެތީއެވެ.
މެންދަމު ދޭއްޖެހިއިރުވެސް ދެމައިންގެ ހާލަކީއެއީއެވެ. ހަފްސާ އޭނަގެ ކޮޓަރިންނެއް ނުނިކުމެއެވެ. އޭނަ ވިސްނާ ފިކުރު ކުރަނީއެވެ. މިޝަލްވެސް އޭނަގެ ކޮޓަރީގައި މީކާޢިލްގެ އުނގުގައި ބޯއަޅާލައިގެން އޮވެ ރޮވެނީއެވެ. ހަފްސާގެ ދިރިއުޅުމުގައި ޖެހުނު ލައްގަޑަށް ވާކަށް މިޝަލް ބޭނުމެއްނުވެއެވެ. ހަފްސާ މިޝަލް އެގެއިން ދިއުމަށް ހުއްދަ ދިންހާއަވަހަކަށް އެގެއިން ގެންދިއުމަށް މީކާޢިލް ހުރީ ހަމަތައްޔާރަށެވެ. އޭނައަށް މިޝަލް ބެލޭނެއެވެ.
ފާހާނާއިން ނުކުތް ހަފްސާ ހުއްޓުލީ ޑްރެސިންގ ޓޭބަލްގައިވާ ލޯގަނޑުގެ ކުރިމަތީއެވެ. އޭނަގެ އަމިއްލަ ސޫރައަށް ލޯގަނޑުން ބަލާލިއެވެ. އޭނަ އެވަނީ ވަކިގޮތެއް ނިންމާފައެވެ. މިޝަލްއަކީ އޭނަގެ ދެލޯފަދަ ލޯބިވާ ހުރި ހަމައެކަނި ދަރިފުޅެވެ.
މިޝަލް ސިހިފައި ބަލާލީ އޭނަގެ ކޮޓަރީގެ ދޮރު މީހަކު ހުޅުވާލުމުންނެވެ. ރޮއެ ރޮއެ ރަތްވެފައިވާ ދެލޮލާ ތެމިފައިވާ ކޯތާފަތް ހަފްސާއަށް ކިތަންމެ ރީތިކޮށްވެސް ފެނުނެވެ. އަވަހަށް މިޝަލްގެ ގާތަށް ޖެހިލެވުނެވެ. މީކާޢިލް މިޝަލްއާއި ދުރަށް ޖެހިލިއެވެ. ހަފްސާއަށް ތަންދެމުންނެވެ. އެކަމަކު ހަފްސާއަކަށް މީކާޢިލްއެއް ނުފެނެއެވެ.
“ދަރިފުޅާ….މަންމަ….” ހަފްސާ މިޝަލްގެ ގާތުގައި އިށިންނަމުން ބުނެލިއެވެ. ހަމައެވަގުތު މިޝަލް އޭނަގެ ބަނޑާއިއެކު ހަފްސާގެ ގައިގާ އޮޅުލައިގަތެވެ.
“މަންމާ ޕްލީސް، މަންމަގެ ޝެބީއަށް މާފް ކޮށްދީ، އަޅުގަނޑު މަންމަދެކެވެސް ވަރަށް ލޯބިވޭ، ހަގީގަތުގައި މަންމައާ ދުރަށް ދާކަށް އަޅުގަނޑު އެއްގޮތަކަށްވެސް ބޭނުމެއްނޫން، މަންމާ، މަންމަގެ ހިތުގައި އަޅުގަނޑަށް ކުޑަނަމަވެސް ޖާގައެއް މިހާރުވާނަމަ އަޅުގަނޑުގެ މިދަރިފުޅު ޤަބޫލުކޮށްދީ” މިޝަލް ރޮމުން ހަފްސާގެ އަތްގެނެސް މިޝަލްގެ ބަނޑުގައި ޖައްސާލިއެވެ. ކީއްވެކަމެއް ނޭނގެއެވެ. މިޝަލްގެ ބަނޑުގައިވާ މަޙްލޫގު އެވަގުތު ތޮޅިލިއެވެ. އެކުއްޖާއަށްވެސް އެވަގުތުގެ ނާޒުކުކަން ވިސްނުނީކަންނޭނގެއެވެ. ހަފްސާއަށް ހައިރާންކަމާއިއެކު މިޝަލްއަށް ބަލާލެވުނެވެ. އަދި މިޝަލްގެ މޫނުގައި ދެއަތުން ހިފަހައްޓާލިއެވެ.
“ޝެބީ، މިއަދު މަންމަވެސް ޝެބީގެ ގާތުން މާފަށް އެދެން ބޭނުން، ދަރިފުޅުގެ ޅައުމުރު ގެއްލިގެން ދިޔައީ މިމަންމައާ ހެދި، އެކަމަކު ދުވަހަކުވެސް ދަރިފުޅު މަންމައާ ޝަކުވާއެއްނުކުރޭ، މަންމަދެކެ ވާލޯތްބަށް ބަދަލެއް ނާދޭ، މަންމައަށްވެސް ވިޔާނުދާކޮށް އުޅޭކުދިން ފެނޭ، އެކަމަކު މަންމަ ނުބުނާނަން ޝެބީއަކީ އެފަދަ ކުއްޖެކޭ، މަންމަގެ މިހިތުގައި ދަރިފުޅަށްޓަކާ އަބަދުވެސް ލޯބިވާނެ، މަންމަގެ ހުރިހާ އެހީއެއް ޝެބީއަށް މަންމަދޭނަން، ދަރިފުޅުގެ ތިބުރައިގައި މަންމަވެސް ހިއްސާވާނަން، ދެރައީ ދަރިފުޅަށް މިކަމާއި ކުރިމަތިލާނެހާ ހިތްވަރު ލިބުނުއިރު، ބަނޑުގައިވާ ކުއްޖާގެ ބައްޕައަކީ ފިނޑިއަކަށް ވީމަ، ދަރިފުޅާއެކީ މިކަމުގައި އޭނައަށް ކުރިމަތިލާން ނުކެރުނީމަ” ހަފްސާ މިޝަލްގެ ބޮލުގަ އާއި ބުރަކަށީގައި ފިރުމަމުން ބުނަމުން ދިޔައެވެ. ދުރުގައި ހުރި މީކާޢިލްގެ މޫނުމަތިން ހިތްހަމަނުޖެހުން ފާޅުވިއެވެ. ނަމަވެސް އޭނަ އެއްވެސް ކަމެއްނުކުރެއެވެ.
“މަންމާ މި ދަރިފުޅުގެ ބައްޕައަކީ ފިނޑިއެއްނޫން، ޕްލީސް އޭނައާއި ދިމާލަށް އެއްވެސް އެއްޗެއް ނުބުނައްޗޭ، އަޅުގަނޑު ބޭނުމެއްނޫން އޭނާގެ ވާހަކަ ދައްކާކަށް، ޕްލީސް މަންމާ، މިވަގުތު މުހިއްމީ އަޅުގަނޑާ މިދަރިފުޅު” މިޝަލް ހަފްސާގެ އަތުގައި ހިފާލަމުން އާދޭސް ކުރިއެވެ.
ހަފްތާއެއް ވޭތުވެގެން ދިޔައިރު މިޝަލްއަށް ދުވަހަކުވެސް ހަފްސާގެ ފަރާތުން ލިބިފައިނުވާހާ އޯގާތެރިކަމާއި އަޅާލުން ލިބެމުންދިޔައެވެ. ހަފްސާ އޮފީހުގައި އުޅޭވަގުތުތައް މަދުކުރިއެވެ. މިޝަލްއަށް ދޭ ސަމާލުކަން އިތުރުކުރިއެވެ. ހަފްސާ އަދިވެސް މިޝަލްގެ ފަރާތުން އޭނަގެ ބަނޑުގައިވަނީ ކާކުގެ ދަރިއެއްތޯ އޮޅުންފިލުވަން ވަރަށް މަސައްކަތް ކުރެއެވެ. އެހެނަސް މިޝަލް އެސުވާލަށް އެއްވެސް ޖަވާބެއް ނުދެއެވެ. ބަނޑުގައިވާ ދަރިފުޅުގެ ބައްޕައާއި ދިމާލަށް އެއްޗެއް ބުނެފިނަމަ މިޝަލް ރޯންފައްޓައެވެ. އެކަމާއި ހެދި އެއްޗެއްވެސް ބުނެވޭކަށް ނޯވެއެވެ.
އެކަކަށްވުރެއްވެސް ބޮޑަށް ކަންބޮޑުވެފައިވަނީ މީކާޢިލްއެވެ. އޭނައަށް ކުރެވޭނެ މާބޮޑުކަމެއް ނެތީމައެވެ. މިޝަލްއަށް ލިބެން އުޅޭ ދަރިފުޅުގެ ބައްޕައަކީ ޖިންނިއެއްކަން އެނގިއްޖެއްޔާ ހަފްސާއަށް ވެދާނެގޮތަކާއިމެދުވެސް މީކާޢިލް ވިސްނަމުންދެއެވެ. މިހާރުވެސް ހަފްސާގެ ހިތް މީކާޢިލްއަށް ހެވެއްނޫނެވެ. މިޝަލްގެ ބަނޑުގައިވާ ދަރިފުޅުގެ ބައްޕަ ނޭގުނުކަމުގައިވިޔަސް ހަފްސާގެ ހިތުގައި ދަނީ އެމީހަކަށް ނަފުރަތު އުފެދުމުންނެވެ. އެކަމަކުން މީކާޢިލްއަށް ވާނެ ގެއްލުމެއްވެސްނެތެވެ. އެހެނަސް އެގޮތަށް ކަންތައްވާކަށް މީކާޢިލް ބޭނުމެއްނުވެއެވެ. މިޝަލް ދަރިފުޅުގެ ބައްޕަ ސިއްރުކުރަން ބޭނުންވާ ސަބަބަކީވެސް އެއީއެވެ. ކާކުކަން ނޭގުމުން އެމީހަކަށް ގެއްލުމެއް ނުދެވޭނެތީއެވެ.
އަސުރު ނަމާދު ކޮށްލައިގެން ކޮޓަރިން ނުކުތް މަލަކާ ސިޓިންރޫމަށް ވަންއިރު އަލައިނާ ފައިވަން ހަރުގަނޑުން ފައިވާނެއް ނަގަން ހުއްޓެވެ.
“ދަރިފުޅު ކޮންތާކަށް ދާން ތިއުޅެނީ، އެހަށް އާދެބަލަ މަންމަގެ މިލޯބަލާލަދެން” މަލަކާ އަލައިނާގެ އަވަސްވެފައިހުރި ހަރަކާތްތަކަށް ބަލާލަމުން ބުނެލިއެވެ.
“މަންމަގެ ލޮލަށް އަނެއްކާ ކިހިނެއްވީ”އަލައިނާ ފައިވަންނަގާ ބަހައްޓަމުން ބުނެލިއެވެ. އަދި މަލަކާގެ ގާތަށް ޖެހިލިއެވެ.
“މިއުޅެނީ މިލޯ ތޮޅޭވަރުން، އެއްޗެއް ޖެއްސޭހެންވެސް ހީވޭ، އަނެއްކާ ބޮޑުކަމެއް ވާންކަންނޭގެ މިއުޅެނީ” މަލަކާ އަލައިނާއަށް ލޯދައްކާލަމުން ބުނެލިއެވެ.
“އެއްކަލަ މަންމަ، ލޯތޮޅޭ ކޮންމެ ފަހަރަކު ކަމެއް ވާންވެއްޖެތަ، އެކަހަލަ ފޭކު ކަންތައްތައް ގަބޫލު ކުރާކަށް ނުވާނެ” އަލައިނާ މަލަކާގެ ލޯ ބަލާލަ ދިނެވެ.
“މަންމާ ނެތޭ އެކައްޗެއްވެސް، ދެން މަންމަ ލޯ ނޫގުޅައްޗޭ އެހާވަރަށް، ލޯއުނގުޅަންޏާވެސް ހީވާނެ ޖެއްސޭހެން……….ދެން ދަނީ އިނގޭ” އަލައިނާ އަވަހަށް ފައިވާނަށް އަރަން އުޅެގަތެވެ.
“ބަލަ އަދިވެސް ނުބުނަމެއްނު ދާން ތިއުޅޭ ތަނެއް” މަލަކާ އަހާލިއެވެ.
“މިއުޅެނީ ޝެބީމެންގެއަށް ދާން، އޭނަގެ ހަބަރެއް ނުވާތާވެސް ކޮންދުވަހެއް، ގުޅީމަ ފޯނުވެސް ނަގަނީކީ ނޫން، ޝެބީ މަންމައަށްވެސް ވެގެން އުޅޭ ގޮތެއް ނޭނގޭ، މިހާރު ފޯނުވެސް ނުނަގާ….އޮފީހުންވެސް ކެނޑިއްޖެ…” އަލައިނާ ފައިވާނުގައިވާ ވާކޮޅު އަޅުވާލަމުން ބުނެލިއެވެ.
“އަނެއްކާ ދެކުދިން ކަމަކާ ދެބަސްވީތަ، މަންމަވެސް ބޭނުން ހަފްސާއަށް ގޮވާލަން ދާން” މަލަކާ ބުނެލިއެވެ.
އަލައިނާއަށް ދެކޮޅުހަދާކަށް ނުކެރުނެވެ. ހަގީގަތުގައި އޭނަ ބޭނުންވަނީ އޭނަ އެކަނި ދާށެވެ. އެއީ ހަމަޔަގީނުންވެސް މިޝަލް އެއުޅެނީ ބޮޑުކަމެއް ދިމާވެގެންހެން އަލައިނާއަށް ހީވާތީއެވެ. އެހެންނޫނީ މިޝަލް އޭނައާއި ވާހަކަ ނުދައްކައެއް ނުހުންނާނެއެވެ. އަލައިނާ އާއި މިޝަލް ދިމާވިފަހުން އޭނަ އެގޮތަށް ވާހަކަ ނުދައްކާ ހުރެފައެއް ނުވެއެވެ.
ސިޓިން ރޫމުތެރެއަށް ވަދެގެން އައި އަލައިނާ އާއި މަލަކާ ފެނުމުން އެކަނިމާއެކަނި ސޯފާގައި އިށީނދެލައިގެން ފިކުރުބޮޑުވެފައި އިން ހަފްސާއަށް ކޮޅަށްތެދުވެވުނެވެ. މަލަކާ ހައިރާންވިއެވެ. އެހެނީ މީގެކުރިން އެމީހުން އެގެއަށް އައުމުން ހަފްސާގެ މޫނުމަތިން ފެންނަފަދަ އުފާވެރިކަމެއް ނުފެނުނީމައެވެ. އޭގެއިތުރުން އިށިންނާށޭ އެމީހުންގާތުގައި ނުބުނީމައެވެ. މަލަކާއަށްވެސް އަލައިނާ ދެއްކި ވާހަކަތަކާއިމެދު ވިސްނާލެވުނީ ދެނެވެ.
“ކޮބާ ޝެބީ؟” އަލައިނާ މަލަކާ އެއްޗެއް ބުނަންވާއިރަށް އަހާލިއެވެ.
“މަލަކާ…” ހަފްސާގެ މޫނުމަތިން ފެންނަމުން ދިޔަ ކުލަވަރުތައް މަލަކާއަށް ފެނެއެވެ. އެހެނަސް އެކަމުން އަންގާދޭން އެމަސައްކަތް ކުރަނީ ކީކޭކަމެއް މަލަކާއަކަށް ނޭނގުނެވެ. ހިތާ ސިކުނޑި އެވަގުތު ބުނަމުން ދިޔައީ ކޮންމެ ކަމަކަށްވިޔަސް އެއީ ރަގަޅު ކަމެއް ނޫންކަމެވެ. ހަފްސާ ފަދަ އަންހެނަކު ޖެހިލުންވާވަރުގެ ކަމަކަށް ވާނީ ޔަގީނުންވެސް ބޮޑުކަމެކެވެ. މަލަކާ އަވަހަށް ހަފްސާގެ ގާތަށް އައިސް ހަފްސާ ބައިންދަމުން އިށީނެވެ.
“ބޮޑުކަމެއް ދިމާވެގެންތަ ތިއުޅެނީ؟ ކިޔާދީބަލަ…” މަލަކާގެ ހާސްކަންވެސް އިތުރުވިއެވެ.
“ކޮބާ މިޝަލް” މަލަކާއަށްވެސް މިޝަލްކޮބާތޯ އަހާލެވުނެވެ.
ހަފްސާއަށް ބަލާލެވުނީ އެތެރެއަށެވެ. އަލައިނާ އަވަސް ފިޔަވަޅުގައި މިޝަލްގެ ކޮޓަރިއަށް ދިއުމަށް ހިނގައިގަތެވެ. ހަފްސާ މަލަކާއަށް ބަލާލިއެވެ. އަދި މަލަކާގެ އަތުގައި ހިފާލީ އޭނައަށް ހިތްވަރުދޭށޭ ބުނާފަދަ ގޮތަކަށެވެ.
“މަލަކާ، ވަރަށް ދެރަ ކަމެއްދިމާވެގެން މިއުޅެނީ، އަހަރެން ލަދުވެސް ގަނޭ، އިތުރަށް ކުރެވޭނެ ކަމެއްވެސް…” ހަފްސާ ހުއްޓަމުން ބަސްތައް އަމުނާލިއެވެ.
“ހަފްސާ، ކީކޭތަ ތިކިޔަނީ؟، ނިކަން ސާފުކޮށް އަހަންނަށް ކިޔާދީބަލަ………” މަލަކާ އަށް އަވަހަށް އަހާލެވުނެވެ.
“ޝެބީ….ޝެބީ….” ހަފްސާއަށް އެވާހަކަ ދައްކާނެ ގޮތެއްވެސް ނޭގުނެވެ. މަލަކާގެ ހިޔާލު ހުންނާނެ ގޮތެއްވެސް ހަފްސާއަކަށް ނޭގެއެވެ. އެކަމާއިވެސް ހަފްސާ ޖެހިލުންވާގޮތްވެއެވެ.
“އެކުއްޖާފުޅަށް އަނެއްކާ ކިހިނެއްތަށްވީ، ކޮބާތަ މިޝަލް މިހާރު” މަލަކާއަށް އަހާލެވުނެވެ. އޭނަވެސް އިނީ ކެތްމަދުވެފައިވާ ހާލުގައެވެ.
“މަލަކާ، ޝެބީ އެއީ ކުރީގެ ޝެބީއެއްނޫން، އަހަރެން ހުވަފެނެއްގަވެސް ނުދެކެން އެފަދަކަމެއް ޝެބީއަށް ވެދާނެކަމާއިމެދު، އޭނަ އެއިނީ ބަލިވެ….” ހަފްސާ މަލަކާއަށް ބަލާލަމުން ބުނެލިއެވެ. މަލަކާއަށް ހަފްސާގެ ލޮލުން ކަރުނަ ފާއްދާލައިފައިވާތަން ފެނުނެވެ.
“ކީކޭ…ތިދައްކަނީ ކޮންކަހަލަ ވާހަކައެއް، އަނެއްކާ އޭނައަށް ކޮންކަހަލަގެ ބައްޔެއް ޖެހުނީ، ހަފްސާ ބުނަން ތިއުޅެނީ ކީކޭތަ” މަލަކާއަށް ޔަގީނެއް ނުކުރެވުނެވެ.
“އަހަރެންގެ ޝެބީ އިނީ ދަރިއަކަށް ބަލިވެ، ބަނޑުގައިވާ ކުއްޖާގެ ބައްޕައެއް ނޭނގޭ، އަހާއަހާވެސް ނުބުނި….އަހަންނަށް އެނގޭ ކަމަކީ ޝެބީއަށް އެލަނޑުދިން ފިރިހެނަކީ އޭނާ ވަރަށް ރަނގަޅަށް ދަންނަ މީހަކުކަން، މަލަކާ ބުނެބަލަ، އަހަރެން ދެން ހަދާނީ ކިހިނެއްތަ؟ އަހަންނަށް މިދުވަސް މިދެއްކެވީ ކީއްވެތަ” ހަފްސާ ގެ ލޮލުންފައިބައިގެން ދިޔަ ކަރުނަތައް އޭނަގެ ކޯތާފަތް ތެތްމާލިއެވެ. މަލަކާ އިނީ ގަބޫލުކުރަންވެސް ދަތިވެފައެވެ. މިޝަލް އެފަދަ ކަމެއް ކޮއްފާނެ ބާއޭ ހިތަށް އަރާވަރުންނެވެ.
“ހަފްސާ ކެތްތެރިވޭ……..އަހަންނަކަށްވެސް ނުވިސްނު، ތިފަދަ ބޮޑުފާފައަކަށް އަހަރެންގެ ހިތެއް ނުބުނޭ މިޝަލް އަރައިގަންނާނެއެކޭ، އޭނައަކީ ކަންތައްތަކަށް ވިސްނާ ފިކުރު ހިންގާ ކުއްޖެއް……………އަދި އަމުދުން ހަފްސާ ލަދުގަންނަން ޖެހޭވަރުގެ ކަމެއް ނުކުރާނެ…………….ތިކަމުގައި ފޮރުވިފައި އެހެންކަމެއް އެބަވޭ………..އަހަރުމެންގެ މިޝަލްއަކީ ވިޔާނުދާ ކުއްޖެއްނޫން، އޭނަ އެކުއްޖާގެ ބައްޕަގެ ވާހަކަ ސިއްރުކުރަނީ ކީއްވެބާ……….ހަފްސާ އެމަންޖެއާ އިތުރަށް ވާހަކައެއް ނުދައްކަންތައް……….މިހާރު ކިހާ ދުވަހެއް ވެއްޖެތަ؟” މަލަކާ އަށް ބުނެވުނެވެ.
“ޝެބީ އެކަން އަހަރުމެންނަށް ސިއްރުކުރީ ކިހިނެއްކަމެއްވެސް ނޭނގެ، ކުއްޖަކާ ރައްޓެހިވެގެން އުޅޭކަމެއް ޔަގީންކަމާއިއެކު ބުނާކަށް ނޭނގެ، މިގެއަށް ދުވަހަކުވެސް ފިރިހެން ކުއްޖެއް ނުގެނޭ، ދެން ކިހިނެއްކަމެއް އަހަންނަކަށްވެސް ނުވިސްނުނު، ބޭރަށް ދަނީ ލީން އާއިއެކު، ގިނަ ވަގުތު ހޭދަކުރަނީ ގޭގަ، އޭނަގެ ކޮޓަރީގަ، އަހަރެން ޝެބީއަށް އެހެންހެދި މީހާއޭ ކިޔައިގެން ދެބަސް ބުނަންވާއިރަށް ރޯންފައްޓާނެ، ދެރަވެގެން ގިސްލަ ގިސްލާފައި އަހަރެންގެ ކައިރިން އާދާސްކުރޭ އެދަރިފުޅުގެ ބައްޕައާ ދިމާލަށް އެއްވެސް އެއްޗެއް ނުކިޔާށޭ ކިޔައިގެން….ދެން އަހަރެން ބުނާނީ ކީކޭ….މަލަކާ، އަހަރެން އެންމެ އަޖައިބުވީ ޝެބީގެ ހަމަހުގެ ބަނޑު އޭނަ ފޮރުވައިގެން އުޅުނީ ކިހިނެއްކަން ނުވިސްނޭތީ” ހަފްސާ މަލަކާއަށް ވާހަކަތައް ކިޔާދިނެވެ.
“އަހަރުމެންނަށް މިކަމާއި ކުރިމަތި ނުލައެއް ދެނެއްނުވާނެ………..މިޝަލް ނުބުނަން އެއުޅެނީ ކޮންވާހައެއްބާ، ހާދަ ދެރަކަމެކޭ މިދިމާވީ، އަހަރުމެންނަށް ދެންއޮތީ މިޝަލް ވިހާނެ ދުވަހަކަށް އިންތިޒާރު ކުރުން……….ދެން ނެތް މާގިނަ ދުވަހެއްވެސް، އެކަމަކު އެއީ މިޝަލް ބޭނުންވާގޮތްކަމަށް ވަންޏާ އޭނައަށް އެނގޭނެ އެކުރެވުނީ އަދަބު ނުލިބިނުދާނެ ވަރުގެ ފާފައެއްކަން………ދެރައީ އެކުއްޖާގެ ސިކުނޑީގައި ހިނގާ ހިޔާލާ ފިކުރު އަހަރުމެންނަށް ނޭނގޭތީ…………” މަލަކާ އިސްޖަހާލަމުން ބުނެލިއެވެ.
މިޝަލްގެ ކޮޓަރިއަށް ވަތް އަލައިނާއަށް ހުއްޓުންއަރާފައި ހުރިއިރު ހީވަނީ އެކޮޓަރިން އޭނައަށް ބިރުގަންނަޒާތުގެ އެއްޗެއް ފެނުނީހެންނެވެ. ކުޑަދޮރުކައިރީގައި ހުއްޓިލައިގެން ހުރި މިޝަލްއަށް އަލައިނާ ފެނުމުން އޭނައަށް ހުރެވުނުތަންވެސް ނޭގުނެވެ. އަވަހަށް އަލައިނާއަށް ފުރަގަސްދިނެވެ.
“ޝެބީ، އަހަންނަށް ފިލަނީތަ؟ ކީއްވެ؟، އަހަންނާ ވާހަކަދައްކާކަށްވެސް ބޭނުމެއް ނޫންތަ؟ އަހަންނަށް މިފެނުނީ ކޮންކަމެއްތަ؟………..ޝެބީ” އަލައިނާ ސުވާލުކުރަމުންދިޔައެވެ. އޭނަ ހުރި ފިޔަވަޅުމަތިން ގުޑާވެސް ނުލައެވެ.
“ލީން ކީއްކުރަން އަހަރެން ހޯދަން މިގެއަށް ތިއައީ؟” މިޝަލް ފުރަގަސްދީގެން ހުރެ ބުނެލިއެވެ. އެއަޑުގައި ހަރުކަށިކަމެއް އެކުލެވިގެން ވިއެވެ.
“ޝެބީ ތީ އަހަރެންގެ ބެސްޓު ފުރެންޑަށްވާތީ، ޝެބީގެ ހާލު އެގެން އަހަރެން ބޭނުންވާތީ، މިނޫން ގޮތެއް ނެތިގެން……….ޕްލީސް ޝެބީ، އަހަރެން މިއަދު ފޮނުވާލަން ނޫޅޭ……….” އަލައިނާ ބުނެލިއެވެ.
“ނޫން، އަހަރެންގެ ކަންތައްތަކުގެ ތެރެއަށް ލީން ވައްދާކަށް ބޭނުމެއްނޫން………….” މިޝަލް ބޭނުންވެފައިހުރީ އަލައިނާ ފޮނުވާލުމަށެވެ. އެކަމަކު އަލައިނާ ދާކަހަލަ ހިޔާލެއް ނުކުރެއެވެ. އޭނަ މިއަދު ބޭނުންވަނީ މިޝަލްގެ ގާތުން ހުރިހާ ކަމެއް އޮޅުން ފިލުވުމަށެވެ.
“ޝެބީ، އަހަންނާ ދިމާލަށް ނިކަން އެނބުރިބަލަ……..ވީގޮތް ނިކަން ކިޔާދީބަލަ………އާދޭސް މިކުރަނީ” އަލައިނާ އާދޭހުން ފުރިގެންވާ ރާގެއްގައި ބުނެލިއެވެ.
ކުޑަދޮރުކައިރީގައި ހުރި މިޝަލް މަޑުމަޑުން އަލައިނާއާއި ދިމާލަށް އެނބުރިލިއެވެ. އަލައިނާގެ އަނގަ ހުޅުވިގެން ދިޔައީ އަޖައިބުވެގެންނެވެ. މިޝަލް ހުއްޓުނީ އަލައިނާގެ ކުރިމަތީގައެވެ.
“ލީން………މީ ހަގީގަތަކީ، އަހަންނަކީ ކުރީގެ ޝެބީއެއް ނޫން، އެތަކެއް ކަމެއް ބަދަލްވެއްޖެ………..” މިޝަލް އަލައިނާގެ ދެއަތްތިލަ ނަގާ ބަނޑުގައި ޖައްސާލަމުން ބުނެލިއެވެ.
“ޝެބީ، އަހަރެންގެ ހިތް މާކުރިންވެސް ބުނި ޝެބީއަށް ވަރަށް ބޮޑުކަމެއް ދިމާވެއްޖެއޭ، އަޅެ ކީއްވެ އަހަރެން އެވަރަށް ގުޅީމަ ފޯނު ނުނެގީ” އަލައިނާގެ އަޑުގައިވަނީ ހިތްހަމަ ނުޖެހުމެވެ. ކަންބޮޑުވުމެވެ.
“އަހަންނަށް ހީވީ އަހަރެންގެ ހާލު އެކަކަށްވެސް އަންޑަސްޓޭންޑެއް ނުވާނެއޭ….ލީންވެސް…” މިޝަލް އިސްޖަހާލަމުން ބުނެލިއެވެ.
“ކީއްވެ؟ ކީއްވެ ޝެބީ އެހެން ހީކުރީ، މީ ޝެބީގެ ބެސްޓު ފުރެންޑެއް ނޫންތަ؟ އަހަރެން ޝެބީއަށް ކެއަރއެއްނުކުރަންތަ، ޔޫ އަރ ލައިކް އަ ސިސްޓަރ ޓު މީ، އަހަރެންގެ މަންމަ ޝެބީދެކެ ލޯތްބެއްނުވޭތަ، ކެއަރއެއް ނުކުރޭތަ؟ މިއަދު ދޮންބެ ހުރިނަމަވެސް ޝެބީއަށް ކެއަރކުރާނެކަން ޔަގީން….ދެން ކީއްވެ؟ ކޮންމެ ހާލެއްގަވެސް އަހަރެން ޝެބީއާއެކު ވާނަން……..އެހީތެރިވެދޭނަން………ކީއްވެތަ ޝެބީ އަހަންނަށް ކަންތައްތައް ސިއްރުކުރަނީ” އަލައިނާ މިޝަލް ގޮވައިގެން އައިސް އެނދުގައި ބެއިންދިއެވެ.
“އަހަންނަށް މާފުކުރޭ………ލީން އަހަންނަށް މާފުކުރާނަންތަ؟ އަހަރެންގެ ފަރާތުން ކޮންމެކަމެއް ދިމާވެފައިވިޔަސް އެކަމަށްވެސް މާފުކުރާނަންތަ؟……….” މިޝަލް އަލައިނާގެ އަތުގައި ހިފާބާރުކޮށްލިއެވެ. އަދި ހަތަރުކަޅި ހަމަކޮއްލިއެވެ. އޭނަ މާފަށް އެދެން ބޭނުންވަނީ އާހިލްއަށްޓަކައެވެ.
“އަހަރެން ޝެބީއަށް މާފުނުކުރާނެވަރުގެ އެއްވެސް ކަމެއް ނޯންނާނެ………….ޝެބީ، ދެން ބުނެބަލަ………..މީ…..” އަލައިނާގެ ޖުމްލަ ފުރިހަމަ ނުވަނިސް މިޝަލް ތުންފަތުގައި އިނގިލިޖައްސާލިއެވެ. އަދި އަލައިނާ ގާތު ކޮޓަރީގެ ދޮރުލައްޕާލުމަށް ބުންޏެވެ.
“އަހަރެން އަހަން އުޅުނީ މީ މީކާޢިލްގެ ދަރިއެއްހޭ…..” އަލައިނާ ދޮރުލައްޕާލުމަށްފަހު އައިސް އެނދުގައި ހަމަޖެހިލަމުން އަހާލިއެވެ. މިފަހަރު ވާހަކަދެއްކީ ވަރަށް މަޑުމަޑުންނެވެ. މިޝަލް ޖަވާބުގައި ބޯޖަހާލިއެވެ.
“ކޮބާ އޭނަ މިހާރު، އޭނައަށް އެނގޭތަ؟ ޝެބީ ބުނިންތަ އޭނަ ކައިރީ” އަލައިނާ ބޭނުންވީ މީކާޢިލްއަށް އަންގާށެވެ.
“ހޫމް! އޭނައަށް އެނގެއޭ” މިޝަލްގެ ޖަވާބު ކުރެވެ.
“ޝެބީއަކަށް ނޭނގޭތަ މިވަރުގެ ކަމެއްވީއިރުވެސް، ކީއްވެތަ ނުހުއްޓުވީ؟ މިހާރުދެން ކުރެވޭނެ ކަމެއްނެތް، މީހުންވެސް ކިހާ އެއްޗެހިކިޔާނެ، ކުރިން އެނގުނުނަމައެއްނު އެހެންގޮތެއް ހެދޭނީވެސް…….” އަލައިނާ ވިސްނަމުން ބުނެލިއެވެ.
“އަހަރެން މިދަރިފުޅު ބޭނުން، މީ މީކާޢިލް އަހަންނަށް ދިން ލަނޑެއްނޫން……..އޭގެ ބަދަލުގަ މީ އަހަރުމެން އެކަކުއަނެކަކު ދެކެ ވީލޯބީގެ ހަދިޔާއެއް………މީކާޢިލް އަހަރެންދެކެ އެއްވެސް އިންސާނަކަށް ނުވެވޭނެހާ ލޯބިވޭ…..އޭނަ އަހަންނަކަށް ދެރައެއްނުދޭނެ….އަހަރެންވެސް އޭނަދެކެ ވަރަށް ލޯބިވޭ……..” މިޝަލްގެ ތުންފަތުގައި ފަޑުހިނިތުންވުމެއް ދުވެލިއެވެ.
“ދެން ކޮބާތަ ތިމީކާޢިލް، އޭނަ އަންނަންވީނު މިތަނަށް……….އެންމެންގެ ކުރިމަތީ އެއްބަސްވާންވީނު ޝެބީގެ ބަނޑުގައިވާ ކުއްޖާގެ ބައްޕައަކީ އޭނާކަމުގައި……..ނާންނާނެ، އެއީ އެކަހަލަ މީހުންގެ ފާޑު، ޓިޕިކަލް މެން………ވަރަށް ފޫހިވޭ، މައްސަލަޖެހުމުންވެސް އޭނަ މަގޭދަރިއެއްނޫނޭ ބުނީމަ އެނިމުނީނު، ހުރިހާ ބުރައެއް ޝެބީއަށް” އަލައިނާ ތުންއަނބުރާލަމުން މީކާޢިލްއަށް އެއްޗެހި ކިޔެވެ.
ކުއްލިއަކަށް ކޮޓަރީގެ ކުޑަދޮރުގެ ބޭރުން ވިދާލިއެވެ. “އެއީ ކޮންއައްޔެއް” އަލައިނާއަށް ސިހިފައި ބުނެލެވުނެވެ. މިޝަލްއަށް ކޮޓަރިތެރޭގައި ހުރި މީކާޢިލްފެނުނެވެ. މިޝަލްއަށް އެފެނުނު ވިދުވަރަކީ މީކާޢިލް ކުރިކަމެއްކަން އޭނާއަށް އެނގުނެވެ.
“ކިހިނެއްވީ” މިޝަލް އަހާލި ގޮތުން ހީވީ އޭނައަށް އެއްވެސް ކަމެއް ނުފެންނަހެނެވެ.
“ދެންމެ ބޭރުން ވިދާލިހެން ހީވީމަ، ދެން އަޅާނުލާ، އެވާނީ ހީވިކަމަކަށް، ސޯ ބުނެބަލަ، ޝެބީ ކިހިނެއްތައް ހަދަން ތިގަސްތުކުރަނީ………ދެން ތިދަރިފުޅު ހަމަ މިދުނިޔެއަށް ގެންނަނީތަ؟” އަލައިނާ ގެ ވާހަކަތަކުން މީކާޢިލް ހުރީ ހިތްހަމަ ނުޖެހިފައެވެ. އެދަރިފުޅަށް ގެއްލުމެއް ލިބޭފަދަ އެއްވެސް ކަމެއް ވާކަށް އޭނަ ބޭނުމެއްނުވެއެވެ.
“އަހަރެންގެ ބަނޑަށް ހަމަސް، ދެން މާގިނަ ދުވަހެއް ނެތް، އިރާދަކުރެއްވިއްޔާ އަހަރެން މިދަރިފުޅު މިދުނިޔެއަށް އުފަންކުރާނަން، އަހަރެންފަދަ އެހެން އިންސާނުންގެ ކުރިމަތީގައި މިއީ ބޮޑުފާފައެއްކަންވެސް އެނގޭ، ތަޢުބާ ވާންޖެހޭނެކަންވެސް އެނގޭ، އަހަރެންގެ ގައިގާ ހައްދުޖަހާނެކަންވެސް އެނގޭ، އެކަމަކުވެސް އަހަރެން އެކަމާ ބިރެއްނުގަނޭ، މީހުންގެ ފުރައްސާރައަކަށް ޖެހިލުމެއްނުވޭ، އެހެނީ އަހަރެންކުރި ކުށުގެ ސަޒާ އަހަންނަށް ލިބުމުންނޫނީ ތަޢުބާ ފުރިހަމަނުވާނެކަން އެނގޭތީ……..” މިޝަލް ބުނެލިއެވެ.
“އަހަރެން އަޖައިބުވޭ ޝެބީގެ ހިތްވަރުގަދަކަމުން……….ތީ އެންމެ ރަގަޅު ނިންމުން………” އަލައިނާ ހިނިތުންވެލަމުން ބުނެލިއެވެ. “ޝެބީ ތިހެންވީރު ކީއްވެތަ މީކާޢިލް ނާންނަންވީ……އަހަރުމެންނާއިވެސް ވާހަކަދެއްކުމެއްނު ރަގަޅު ގޮތަކީ” އަލައިނާ ސީރިއަސްކަމާއިއެކު ބުނެލިއެވެ.
“އޭނައަށް ތިބުނާފަދަ ގޮތަކަށް އާދެވެން ނެތީ، އޭނައަށް އަހަރުމެންގެ ހާލު އެނގޭ” މިޝަލް ބަނޑުގައި ފިރުމާލަމުން ބުނެލިއެވެ.
“ކީއްވެ ނާދެވެންވީ…….ކޮންސަބަބަކާއި ހުރެ؟” އަލައިނާ އަނެއްކާވެސް ސުވާލުކުރިއެވެ.
“ލީން، ޕްލީސް………….ހުރިހާ ކަމެއްގެ ސަބަބު ކިހިނެއްތަ ކިޔާދޭނީ………ޕްލީސް………” މިޝަލްއަށް އަލައިނާގެ ސުވާލުތައް މީކާޢިލްއަށް ރައްދުވަމުންދާތީ އުނދަގޫވިއެވެ.
އަލައިނާ ޝެބީގެ ހިތްހަމަޖައްސާދިނުމަށްޓަކައި މައުލޫބަދަލުކޮށްލިއެވެ. މިޝަލް ދޭތެރެ ދޭތެރެއިން ކޮޓަރީގެ ކަނެއްގައި ލެގިލައިގެން ހަށަމްބަދެލައިގެން ހުރި މީކާޢިލްއަށް ބަލާލައެވެ.
ރޭގަނޑު ބާރަޖަހަނީއެވެ. ހަފްސާ އެނދުގައި އެއްފަރާތަކަށް އޮށޯވެލައިގެން ނުނިދިފައި އޮތެވެ. އޭނައަށް ކަންތައްތައް ކުރަންވީގޮތްވަނީ އޮޅިފައެވެ. ސިކުނޑީގައި އެތަކެއް ސުވާލުތަކެއް އިފެދެމުންދެއެވެ. ލިބޭ ކޮންމެ ޖަވާބެއް އިތުރު ދެސުވާލަށް ބަދަލުވެގެންދެއެވެ. ހިޔާލީ ދުނިޔެއެއްގައި ސުވާލުތަކުން ފުރިގެންވާ ކޯރަކަށް ހަފްސާ ގެނބެމުންދަނިކޮށް އެނބުރި އެނދަށް އާދެވުނީ ބާލީސް ކައިރީއޮތް ފޯނު ރިންގުވާން ފެށުމުންނެވެ. ފޯނު ނެގުމުގެ ކުރިން މިގަޑީގަ އެގުޅީ ކާކުބާއޭ ހަފްސާގެ ހިތައްއެރިއެވެ.
“ޖާވިދު” ހަފްސާ ފޯނުގެ ޑިސްޕްލޭއަށް އަރާފައިވާ ނަން ކިޔާލިއެވެ. އޭނަ އެކޯލު ބިޒީ ކޮއްލިއެވެ. މިފަދަ ވަގުތެއްގައި ޖާވިދުއާއި ވާހަކަދައްކަން ހަފްސާ ބޭނުންނުވަނީއެވެ.
ފޯނު ކަނޑާލިތާ ގިނައިރެއް ނުވެއެވެ. އަނެއްކާ ޖާވިދު ގުޅިއެވެ. މިގޮތަށް ހަތަރު ވަރަކަށް ފަހަރު ޖާވިދު ގުޅުމުން، އޭނަ ހަފްސާ ފޯނު ނުނަގަނިސް ހުއްޓައެއްނުލާނެ އެނގުނެވެ. އެހެންވެ އިތުރުގޮތެއް ނެތިގެން ހަފްސާ ފޯނުނަގާ ހެލޯއޭ ބުނެލިއެވެ.
“ކީއްވެ ބިޒީ ކޮއްލަނީ، މިގަޑީގަ އެނގޭ ހަފީ ބިޒީއެއް ނުވާނެކަންވެސް…………” ޖާވިދު ވާހަކަދައްކަން ފެއްޓިއެވެ.
“ޖާވިދު، މީކޮންގަޑިއެއް ގުޅަން، މީހުން ނިދާފަތިބޭނެ ކަމެއް ނޭގޭތަ……..” ހަފްސާ ބުނެލިއެވެ. ހަފްސާގެ ވާހަކަދެއްކުމުގެ ރާގުގަނޑު ތަފާތުކަން ޖާވިދަށްވެސް އެނގުނެވެ.
“ސޮރީ، ސޮރީ ހަފީ މޭމް……….އަޅުގަނޑު އެހެން ވަގުތަކުން ގުޅާލާނަން އެނގޭތޯ……” ޖާވިދު މަޖާ ރާގަކަށް ބުނެލިއެވެ. އޭނައަށް ހީވީ ހަފްސާ ނިދާފައި އޮއްވައި ގުޅުމުން އުނދަގޫވީކަމަށެވެ.
“ޖާވިދު……….އަހަރެން ވާހަކައެއް ބުނަންތަ؟” ހަފްސާ އަހާލިއެވެ.
“އަވަހަށް ބުނޭ؟” ޖާވިދު ބުނެލިއެވެ. މިފަހަރު ހަފްސާގެ އަޑުގައިވަނީ މަޑުމޮޅިކަމެވެ.
“ޖާވިދު، އަހަންނަށް ދެން ތިގޮތަށް ނުގުޅަފާނަންތަ، އަހަންނަކަށް ޖާވިދުއާއި އެހާ ކުލޯސްކޮށް ވާހަކަދެއްކޭކަށް ނެތް، މިގެއަށް ޖާވިދު ގެނެވޭކަށް ނެތް، އެކަމަކު މުހިއްމު އޮފިސް ކަމެއްގައި ޖާވިދު އަހަންނަށް ގުޅާލުމަކީ މައްސަލައެއްނޫން، ޕްލީސް ޖާވިދު އެއްޗެއް ހީނުކުރައްޗޭ” ހަފްސާ ބުނެލިއެވެ.
“ހަފީ، އަހަނަށް އަހާލެވިދާނެތަ ކީއްވެގެންތޯ، އަނެއްކާ އަހަރެންގެ ފަރާތުން ހަފީ ހިތްހަމަ ނުޖެހޭފަދަ ކަމެއްވީތަ” ޖާވިދުގެ އަޑުގައިވެސް ވަނީ ސީރިއަށްކަމެވެ.
“ޖާވިދުއަށް އެއްވެސް ކަމެއް ނުކުރެވޭ، އަހަންނަށް ހަމަނެތީ އިތުރަށް ޖާވިދު މިގެއަށްގެނެސް ފޯނުން ވާހަކަދައްކާ ހެދެން، މިވަގުތު އަހަރެންގެ ހާލަތުތަންނުދޭތީ….ދެން ބާއްވަނީ……” ހަފްސާ އޭނަގެ ހިތާ ދެކޮޅަށް ބުނެލިއެވެ. އޭނައަށް ޖާވިދު ކަމުދެއެވެ. އެކަމަކު މިއަދު މިޝަލްއަށްވެސް އޭނަ ނޫން އެހެން މީހެއްނެތެވެ.
ދުވަސްތައް މާޒީވަމުން ދިޔަވަރަކަށް މިޝަލްގެ ބަނޑުވެސް ދިޔައީ ބޮޑުވަމުންނެވެ. އެގޮތުން މިޝަލްއަށް ކުރިމަތިލާން ޖެހުނު ވޭނާ ދުއްތުރާތައްވެސް އިތުރުވެގެން ދިޔައެވެ. އެރެއަކީ ރަމަޟާން މަހުގެ ރޭތަކުން ރެއެކެވެ. އޭރު މިޝަލްގެ ބަނޑަށް އޮތީ އަށްމަހަށެވެ. ފަތިހުގެ ވަގުތުގައި ހޭލެވުނީ ބުރަކަޓަކަށް އެއްޗެއް އަރާފަދަ އިޙްސާސެއް ކުރެވިގެންނެވެ. ތެދުވުމާއިއެކު ކައިރީގައި އިން މީކާޢިލް ވެސް ދިޔައީ ސިއްސައިގެންނެވެ. މިޝަލްގެ ބުރަކަށި މީކާޢިލްއަށް ފެނުމުންނެވެ. މިޝަލްގެ ބުރަކަށީގެ ކޮނޑުހުޅާ ހިސާބުގައިވަނީ އެއްޗެހިތަކެއް ފަޅާފައެވެ. ފެންނަފެނުމަށް ސިފަކުރެވެނީ ހުޅުނބުތަކެއްހެންނެވެ. މައިބަދައިގެ ދެފަތަރާތަށް ވާގޮތަށް ފޫޓެއްހާ ދިގުކޮށް ހުއްޓެވެ. ހީވާ ގޮތުން ފުޅާ މިނުގައި ދެއިންޗިވަރު ހުންނާނެއެވެ.
އެދުވަހަށްފަހު މިޝަލްއަށް ކަންތަކާލައިގަތީއެވެ. ހަށިގަނޑުން އަރާ ހޫނަށް ކެތްވަނީކީނޫނެވެ. ކޮޓަރީގެ އޭސީ ސޯޅައަށް ލާފައިވީއިރުވެސް މިޝަލްއަށް އެއްވެސް ފިނިކަމެއް ނުވަނީއެވެ. މިކަމާ އެންމެ ހައިރާންވަނީ ހަފްސާއާއި ސާޝާއެވެ. ސާޝާ ބައެއްފަހަރަށް އައިސް މިޝަލްގެގާތުގައި ބަނޑުގައިވަނީ ރަނގަޅުކުއްޖެއް ނޫނޭ ބުނެހަދައެވެ. މިޝަލް އެކަމާއި މާބޮޑު ފަރުވާލެއް ނުބަހައްޓައެވެ. ސައުވިސް ގަނޑިއިރު ގޭތެރޭ އޭނާގެ ކޮޓަރީގައި ވަގުތު ހޭދަކުރަންފެށިއެވެ. ހަށިގަނޑު ނިވާކުރަނީ ތުނި ތުނި ފޭރާމުންނެވެ. ގިނަވަގުތު ތަކުގައި އިންނަނީ ފާހާނާގެ ފެންމާގަނޑު ދޮށުގައި ގަޔަށް ފެންއަޅާލަ އަޅާލައެވެ. ނޫނީ ސާޝަ ލައްވާ ގަނޑުފެން ހަދުވައިގެން ބިލިގާގެ ތެރެއަށް އެރިއެވެ.
އެގޮތުން އަލައިނާ އަށް މިޝަލްގެ ބުރަކަށީގައިވާ އާދަޔާ ހިލާފު އައިބުކަން ފެނުނީ އެގޮތަށް ގަނޑުފެން އަޅައިދޭން އުޅުނުދުވަހެއްގައެވެ. އަލައިނާއަށް ފެނުމާއެކު ބިރުންގޮސް ހަޅޭލަވައިގަނެވުނެވެ. މިޝަލް އަލައިނާގެ ދެފައިބުޑަށް ވެއްޓި ކުރިއާދޭހާ އެދެލޮލުން ފޭބި ކަރުނަފެނިފައި އަލައިނާ އެކަން ސިއްރުކުރިއެވެ. އެދުވަހުން ފެށިގެން އަލައިނާ މިޝަލްދެކެ ފާޑެއްގެ ބިރެއްގަނެފައި ހުންނަކަން މިޝަލްއަށް ފާހަގަކުރެވުނެވެ.
ހަފްސާ މިޝަލް ބެލުމަށްޓަކާ ޑޮކްޓަރެއް ގެއަށްގެނައީ މިޝަލް ހޮސްޕިޓަލަށް ދާން ފަސްޖެހޭވަރުންނެވެ. ޑޮކްޓަރު ކޮންމެ ރެއަކު ބަލަން އަންނައިރުވެސް އޭނައަށް ވަކި ތަފާތުކަމެއް ފާހަގައެއް ނުކުރެވުނެވެ. މިޝަލްގެ ބުލަޑް ޕްރެޝާރ އާއި ބަނޑުގައިވާ ކުއްޖާގެ ހިތުގެ ވިންދުވެސް ހުންނަނީ ނޯމަލްކޮށެވެ. މިޝަލްގެ އެއްމެ ބޮޑު ނަސީބަކަށްވީ އެޑޮކްޓަރު މިޝަލްގެ ބުރަކަށިބަލަން ނޫޅޭކަމެވެ.
އެންމެންގެ އެހީތެރިކަން މިޝަލްއަށް ލިބެމުންދިޔައެވެ. މިޝަލްއަށް ރޭގަނޑު ލޮލުފިޔަ ޖަހާލެވޭ ވަރެއް ނުވެއެވެ. ޑޮކްޓަރު ދީފައިވާ ބޭސް ކެއުމަކަށް މީކާޢިލް އެއްބަހެއް ނުވެއެވެ. ކޮންމެ ރެއަކުވެސް ހަފްސާ އާއިއެކު ގޭގެ އެންމެން ނިންދަވާލަނީ މީކާޢިލްގެ ބާރުގައެވެ. މިޝަލް ގޮވައިގެން އޭނަ ބޭރަށް ނުކުތުމަށެވެ. ދެމީހުން އެކަނިވެލުމަށެވެ. މިޝަލްގެ ގާތުގައި އަބަދުވެސް ކޮންމެވެސް މީހެއް ހުރުމުގެ ސަބަބުން ޒިޔަޒެލްއަށް މިޝަލްއަށް ފަރުވާދިނުން ވަނީ އުނދަގޫވެފައެވެ. އެކަމަށްވެސް ހައްލެއް ލިބުނީ މީކާޢިލް ކޮންމެ ރެއެއްގެވެސް ދަންވަރު މިޝަލް ގޮވައިގެން އެނުކުންނަ ނުކުތުމުންނެވެ. އެންމެންވެސް ކުރަމުން ދަނީ މިޝަލް ވިހާނެ ދުވަހެއްގެ އިންތިޒާރެވެ. މީކާޢިލްގެ ބައްޕަ އައިޒަން ނުރުހުން ފާޅުކުރަން ކިތަންމެ ބޭނުންކަމުގައި ވިޔަސް މިޝަލްއަކީ އާދައިގެ އިންސިއެއް ނޫންކަން މިހާރު އޭނައަށްވެސް ޔަގީންވެއެވެ. މީކާޢިލްއަށް ނޭނގިނަމަވެސް އައިޒަން މިޝަލްއަށް އެހީތެރިކަން ފޯރުކޮށްދޭން ފެށީ ޒިޔަޒެލްގެ އެހީގައެވެ. މިކަމާ ބަހީރާގެ މޫނުމަތިން ފެންނަ ހިތްހަމަޖެހުމާ އުފާވެރިކަން އިތުރުވިއެވެ. އެމީހުންގެ ތެރެއިން މީހަކުނެތި މިޝަލް އެންމެ ހިނދުކޮޅަކަށްވެސް ދޫކޮށްނުލައެވެ. މިޝަލްއަށް ކާންދީ ބޯންދީވެސް އެމީހުން ހަދައެވެ. އެކަމުގެ ސަބަބުން ގޭތެރެއިން އެއްޗެއް ކެވެނީ މަދުފަހަރަކުއެވެ. މިކަންތައްތަކާއި އަޖައިބުނުވާ އެކަކުވެސް ނެތެވެ.
ހަފްސާއަށް ޖާވިދުގެ ކޯލުތައް އަންނަލެއް މަދެއްނުވިއެވެ. މަސައްކަތުގެ ނަމުގައިވިޔަސް ކުރާ ގިނަކޯލަތަކަކީ އޭނަގެ އަމިއްލަ އެދުމެއްގެ މަތިން ކުރެވޭ ކޯލުތަކެއްކަން ހަފްސާއަށްވެސް އެނގެއެވެ. ހަފްސާ ޖާވިދު ދުރުކުރުމަށް ކުރާ މަސައްކަތް ބޭކާރުވެދާނެތީ އޭނަ ހުންނަނީ ބިރުންނެވެ. ޖާވިދު އެގެއަށް އައިސްދާނެކަމުގެ ބިރުގައެވެ.
އަލައިނާ އާއި މަލަކާވެސް ތިބީ ވާނުވާ ނޭނގޭފަދަ ގޮތަކަށް އަޖައިބުވެފައެވެ. މަލަކާގެ އެތަކެއް ނަސޭޚަތަކަށްފަހުވެސް މިޝަލްގެ ދުނިޔެއަށް ފާޅުވަމުން ދާ ހަގީގަތް ކިޔާދޭކަށް އެއްބަހެއް ނުވިއެވެ. ކިރިއާވެސް ރެއަކާލާ މީހަކަށް ހުރީ އަލައިނާއެވެ. އޭނައަށްވެސް އެނގެނީ ވަރަށް ކުޑަމިންވަރެކެވެ. އޭނަގެ ހިތުގައި މިޝަލްގެ ބަނޑުގައިވާ ދަރިފުޅާއިމެދު ބިރުވެރިކަން އުފެދިފައިވެއެވެ. މިޝަލްއަށް ވަމުންދާފަދަ ގޮތްތަކެއް މީގެކުރިން އެހެން އަންހެނެއް ބަލިވެއިނުމުން ވީތަނެއް ފެނިފައެއް ނުވެއެވެ. އަލައިނާގެ ހިތާ ސިކުނޑި މިޝަލް އޭނަށް ފޮރުވަނީ ކޮންކަމެއް ބާއޭ އަބަދުވެސް ސުވާލުއުފައްދައެވެ.
މިރެއަކީ މިޝަލްގެ ބަނޑަށް ނުވަމަހާއި ހަތަރުދުވަސް ވީރެއެވެ. ޑޮކްޓަރު ބަލާފައި ވިހާނެކަމަށް ބުނީ މީގެ ހަފްތާއެއް ފަހުންނެވެ. މިރޭ ދުނިމައްޗަށް ވެރިކުރުވާފައިވާ ޗާލު ނަލަ ހަނދުވަރުގެ ތޫނުކަން ލޯތަށް ކަނުކުރާފަދައެވެ. މިޝަލްގެ ގޭގެ ވަށައިގެން ވަނީ އާދަޔާ ހިލާފު އަލިކަމެވެ. މިޝަލްގެ ކޮޓަރި ތެރެއަށް ހީވަނީ އީދެއް އައިސްގެން އުޅޭހެންނެވެ. ގޭގެ ބޭރުގައިވެސް އެތަކެއް ބައެއް އެއްވެފައި ތިއްބެވެ. އެންމެން އިންތިޒާރު ކުރަމުން އައިވަގުތު ޖެހެނީކަން އެނގެއެވެ. މިޝަލްގެ ހަށިގަނޑުން އޮހޮރެމުންދިޔަ ދާތިކިތަކުން ލާފައިވާ ދިގު ޓީޝާޓުކޮޅު ތެމިފޯމަންދިޔައެވެ. މިޝަލްގެ ކޮޓަރި ތެރޭން އޭނައާއި އެންމެ ގާތުގައި ހުރީ މީކާޢިލް އާއި ޒިޔަޒެލްއެވެ. މިޝަލްގެ ކަނާތްފަރާތު ބޯކައިރީ ބަހީރާ ހިނިއައިސްފައި ހުރިތަން މިޝަލްއަށް ފެނެއެވެ. ބަހީރާގެ ދާދިގާތުގައި ބަލްޤިސް ވެސް ހިނިއައިސްފައި ހުއްޓެވެ. މީކާޢިލްގެ ފިރުމުންތަކާއި އެމޫނަށް ބަލާލެވޭ ކޮންމެ ފަހަރަކު ހުރިހާކަމެއްވެސް އިރާދަފުޅާއެކު ވަނީ ރަނގަޅަށްކަން މިޝަލްގެ ހިތްބުނެއެވެ.
ކުއްލިއަކަށް ކޮޓަރީގެ ބޭރުން ހީވީ ބުޅަލެއް ހޭރިގަތްހެންނެވެ. މިޝަލްގެ ބަނޑުގައި ފުރަތަމަ ފަހަރަށް ރިއްސާލީ އެވަގުތުއެވެ. އެއާއެކު އެތުންފަތުން ވޭނުގެ އަޑުނިކުތެވެ. ހީވީ ބަނޑުގެ މަސްތައްވެސް ރޫޅާލަފާނެހެންނެވެ. މައިބަދަވެސް ބިންދާލަ ފާނެހެންނެވެ.
ހަފްސާއަށް އެނގުންވީ އެހިސާބުންނެވެ. ދުވެފައި ކަހަލަ ގޮތަށް ނިދާ ހެދުމުގައި ހަފްސާ މިޝަލްގެ ކޮޓަރިއަށް ވަދެގެންއައެވެ. މިޝަލް މަންމާއޭ ކިޔާ ހަފްސާއަށް ގޮވާލި ގޮތުންވެސް ވަގުތު އައިސް ޖެހުނީކަން އެނގިއްޖެއެވެ. ހަފްސާ އަވަހަށް ޑޮކްޓަރަށް ގުޅާލިއެވެ. އޭނާގެ އިރުޝާދާ އެއްގޮތަށް ކަންތައް ކުރަންފެށިއެވެ.
މީކާޢިލްގެ މޫނުމަތިން ފެންނަނީ ހާސްކަމެވެ. އޭނައަށް ބަލާލެވުނީ ބަހީރާއަށެވެ. ބަހީރާ އައިސް މިޝަލްގެ ގާތުގައި އިށީނެވެ. މިޝަލްގެ ބަނޑުގައި އަތްލަން ފެށިއެވެ. މޭދަށުގައި އަތްއަޅާ ތިރިއަށް ކޮއްޕާލިކަހަލަގެ އިޙްސާސްއެއް މިޝަލްއަށް ކުރުވިއެވެ. ހަފްސާ މިޝަލް ހޮސްޕިޓަލަށް ގެންދިއުމަށް އަވަސްވެ ގަތެވެ. އެކަމާ މީކާޢިލް ހިތްހަމަނުޖެހުނެވެ. އެކަމަކު އެވަގުތު އެންމެ ރަނގަޅުވާނީ ހަފްސާ ބޭނުންވާ ގޮތަށް ކަންތައްތައް ކުރީމަކަން ޒިޔަޒެލް އާއި ބަހީރާ ވިސްނާދޭން މައްސައްކަތް ކުރިއެވެ. އެއީ އެކަމުގެ ސަބަބުން އެމީހުންގެ އެއްވެސް ކަމަކަށް ބުރުލެއް ނާރާނެތީއެވެ. އިރުކޮޅަކު އެއްޗެއް ނުބުނެ އިނުމަށްފަހު މީކާޢިލް ގެއްލުނެވެ. އެއްޗެއް ނުބުނެ މިފަދަ ވަގުތެއްގައި މީކާޢިލް ދިއުމުން މިޝަލް ކަންބޮޑުވާ ގޮތްވިއެވެ. ބަހީރާ ވާހަކަދައްކާ އަޑު މިޝަލްއަށް އިވެމުންދިޔައެވެ.
އެމްބިއުލާންސެއްގެ އަޑު މިޝަލްގެ ކުޑަދޮރުން އިވުނެވެ. ހަފްސާ ގޮވައިގެން އައި މީހާ ފެނުމުން މިޝަލްއަށް ވީގޮތް ރަނގަޅަށް އެނގިއްޖެއެވެ. އޭނާގެ ކުރިމަތީ ފުރިހަމަ އިންސާނެއްގެ ގޮތުގައި އައިސް ހުރީ މީކާޢިލްއެވެ. މިޝަލް ނަގާ އަތްދަނޑިމައްޗަށް ލައިގެން ސިޓިން ރޫމަށް ނެރުނެވެ. އަދި ބަލިމީހާ ބާއްވާއެނދުގައި މިޝަލް ބޭއްވިއެވެ. އަވަހަށް އެމްބިއުލާންސަށް އެރި ހަފްސާ އަވަސް ކުރަން ހަދައިގެން ލާފައިވާ ހެދުމަކާ ތިރިންލާފައި ހުރި ހަރުވާޅަކާ އެއްވެސް ގުޅުމެއްނެތެވެ. ނަމަވެސް އެކަމަށް އެއްވެސް ފަރުވާލެއް ނެތެވެ. އެކަމަކު އެމްބިއުލާންސަށް އަރަން ގޭން ނިކުތްވަގުތު ހަފްސާއަށް އާދަޔާ ހިލާފުކަމެއް ފާހަގަކުރެވުނެވެ.
ސިއްސައިގެން ގޮސް ނިދިން ހޭލެވުނު އަލައިނާ ކޮޓަރިން ނިކުތެވެ. ސިޓިން ރޫމަށް ނުކުމެވުނުއިރު މަލަކާ ސިޓިންރޫމުގައި ކިޔަވަން އިނެވެ.
“މަންމާ…” އަލައިނާ މަލަކާއަށް ބަލާލަމުން ބުނެލިއެވެ. މަލަކާ ލޮލުގެ އިޝާރާތުން ސޯފާ ކައިރިއަށް އައުމަށް އިޝާރާތް ކުރިއެވެ.
“މަންމާ! ދޮރުގަ….” އަލައިނާ ބުނަން އުޅުނު އެއްޗެއް މަލަކާއަށް އެނގުނު ކަހަލަ ގޮތަކަށް ބޯޖަހާލިއެވެ.
“ދަރިފުޅާ ދޭ ވުލޫ ކޮއްލައިގެން އަންނަން، މިތާ މަންމަ އާއިއެކު ކިޔާވަލަން….” މަލަކާ ބުނިހާވެސް އެއްޗަކީ އެއީއެވެ.
އަލައިނާއަށް ކޮންމެވެސް ކަމެއް ވެއްޖެކަން އެނގުނެވެ. އަވަސް އަވަހަށް ވުލޫ ކުރުމަށް ފާހާނާއަށް ވަނެވެ. ފާހާނާ އަށް ވަތްއިރު ފެންލައިޓުން ފާހާނާއަށް އެޅިފައިވާ ހަނދުވަރުގެ އަލިން ފާހާނާގެ ހޮޅިބުރި ނުދިއްލިނަމަވެސް އުޅެން އެނގޭހާވެއެވެ. އެހާވެސް އައްޔެވެ. އަޖައިބު ވެގެން ފާހާނާއިން ނުކުންނަމުން މައްޗަށް ބަލާލިއެވެ. މާރީތިކޮށް ފެންނަވަރެއް ނުވިއެވެ.
އަލައިނާ ދޮޅި އަޅާލައިގެން ހަތިމު ހިފައިގެން އައިސް މަލަކާގެ ގާތުގައި އިށީނެވެ. “މަންމާ، ކިހިނެއްތަ ވީ……..” އަލައިނާ ހައިރާންކަމާއިއެކު އަހާލިއެވެ.
“މަންމައަށްވެސް ހޭލެވުނީ ދޮރުގައި މީހަކު ޓަކިދޭ އަޑަށް، ބޭރަށް ނުކުމެ ބަލާލިން އެއްވެސް މީހެއް ނުފެނުނު……ކާކުކަމެއްނޭގޭ ޓަކިދެނީ ދޮރުގައި، މަންމަ ދެތިންފަހަރުވެސް ބަލާލިއިރު އެކަކުވެސް ފެންނަން ނެތުމުން ހިތަށްއެރީ މީ އާދައިގެ ކަމެއްނޫނޭ…..އަނެއްކާ ބޭރަށް ވެރިވެފައިވާ ގަދަ ހަނދުވަރުގެ އަލިން މަންމަ އަޖައިބުވާހާވޭ…އަތިރިމައްޗާ ދިމާ ވަކިން އަލިހެން ހީވޭ…މަންމަގެ ހިތް ބިރުގަތީ، މިރޭ މީ މާރަގަޅު ރެއެއްނޫން……..ދެން އިތުރަށް ނިދަން ތިބުންވެސް މާރަގަޅެއް ނުވާނެ، އެހެންވެ މަންމަ ކިޔަވަން ފެށީ، ދަރިފުޅުވެސް ނިދަންވާނީ މަންމަ އާއިއެކު ފަތިސްނަމާދުކޮށްގެން” މަލަކާގެ އަޑުންވެސް އޭނަ ބިރުގެންފައިވަކަން އެނގެއެވެ.
“މަންމާ، ޝެބީ….” އަލައިނާއަށް އެންމެ ފުރަތަމަވެސް ބުނެލެވުނީ އެހެންނެވެ.
“މާދަމާ ހެދުނުން ގުޅާލާނީ…….އެހެންނޫނަސް އަދި ހަފްތާއެއް އެބައޮތެއްނު ޝެބީ ވިހަން……….” މަލަކާ ބުނެލިއެވެ.
އަލައިނާގެ ސިކުނޑީގައި ނޭގޭ ކަންތައްގަޑެއް ހިނގައިގަތެވެ. ހަތިމު މޭގައި ޖައްސާލައިގެން ނުކުތީ ބެލްކަންޏެވެ. މަލަކާ ބުނީ ތެދެކެވެ. ހުޅުމާލެ މަތި ވަނީ ދިއްލާލާފައެވެ. މީގެ ކުރިން ހަނދު މިހާ ފުރިހަމައެއް ނުވެއެވެ. އަލައިނާ ހަނދަށް ބަލަހައްޓައިގެން ހުއްޓާ ގިނިހިލަ ކޮޅެއްވަރުގެ އަލިގަނޑެއް ހުރަސް ކަނޑާލިއެވެ. އަލައިނާ ސިހުނެވެ. ބެލްކަނީގައި ހުއްޓާ އެމްބިއުލާންސެއް ދިޔައަޑުއިވުނެވެ.
އެމްބިއުލާންސްގެ ތެރޭގައި މިޝަލްއަށް ފެންނަ ހިސާބުގައި މީކާޢިލް އާއި ބަހީރާ އާއި ޒިޔަޒެލް އުޅެއެވެ. މިޝަލްގެ ބަނޑުގެ ރިހުން ކުއްލިއަކަށް ކެނޑިގެން ދިޔައެވެ. ބަހީރާ ކަމެއް ޒިޔަޒެލްކަމެއް މިޝަލްއަކަށް ނޭނގެއެވެ. ކޮންމެ މީހެއްނަމަވެސް އެކުރިކަމަކުން އޭނާގެ ރިހުން ކަނޑައިގެން ހިނގައްޖެއެވެ. އެކަމަކު މިޝަލް ބޯހިއްލާލާއިރަށް ހަފްސާ މިޝަލް ބާއްވައެވެ. ހަފްސާއަށް މިވަނީ ކީއްކަމެއް ނޭނގޭތީއެވެ. އެހެނީ އެތަނުގެ ތެރޭ އިތުރުބަޔަކު މިޝަލް ބަލަހައްޓަމުން ދާކަމެއް ހަފްސާއަކަށް ނޭނގެއެވެ. މީކާޢިލްވެސް ހަފްސާއަށް އެހީތެރިވާކަމަށް ހަދާ މިޝަލްގެ ކޮނޑުގައި ހިފަހައްޓާލިއެވެ.
ހޮސްޕިޓަލުގެ އެމަރޖެންސީ ރޫމަށް މިޝަލްވެއްދިއްޖެއެވެ. ނަރުހުން ހަފްސާގެ ހާސްކަން ފެނިފައި އަވަސްވެގަތެވެ. އެތަނުގައި އިތުރު މީހަކު ބާއްވާފައި އޮތެވެ. މުސްކުޅިވެ ވެފައިވާ އަންހެނެވެ. އޭނަގެ އެނދުގައި ބޯއަޅާލައިގެން ޅައަންހެން ކުއްޖެއް އިނެވެ.
މިޝަލްގެ ޑޮކްޓަރަށް އެހާތަނަށް ހޮސްޕިޓަލްގެ އެމަރޖެންސީ ރޫމަށް އާދެވިއްޖެއެވެ. އަވަހަށް މާލެ ގެންދިއުމަށް އުޅުމަށް ބުންޏެވެ. އެކަމަކު އޭނަ މިޝަލްގެ ހާލާ ދަރިފުޅުގެ ހާލުވެސް ރަގަޅު ކަމުގައި ބުންޏެވެ. އޭނައަށް މިޝަލްގެ ފަރާތުން ވިހަން އުޅޭ މީހެއްގެ އެއްވެސް ސިފައެއް ނުފެނެއެވެ. ތަދުވާތިއެއް މިޝަލް ނޫޅެއެވެ. ކުއްޖާގެ ވިންދުވެސް ރަގަޅެވެ. ހަފްސާ ހުރީ ހައިރާންވެފައެވެ. ހޮސްޕިޓަލުން ބަލަން އައި ޑޮކްޓަރުވެސް ބުނުއްވީ މިޝަލް ވިހަން އަދި ނޫޅޭކަމަށެވެ.
ޑޮކްޓަރު ހަފްސާ ގޮވައިގެން އެއްފަރާތަށް ޖެހިލީ ހަފްސާ ހަމަޖައްސާލުމަށެވެ. އޭރު މިޝަލްގެ އެނދުގެ ވަށައިގެން ދަމާލާފައި ހުރި ފޮތިގަނޑުން އެ އެނދުއެކީހެން ހުރި ނިވާވެފައެވެ. ހަފްސާވެސް މިޝަލްއާއި ދުރަށް ޖެހެލީ މިޝަލްގެ މޫނުމަތިން ހިނިތުން ވުމެއް ނޫނީ ނުފެންނާތީއެވެ.
ގިނައިރެއްނުވެ އެންމެންގެ ކަންފަތުގައި ކުއްލިއަކަށް ޖެހުނީ ކުޑަކުޑަ ކުއްޖެއްގެ ރުއިމުގެ އަޑެވެ. ހަފްސާ އާއި އެތަނުގައި އެވަގުތު ތިބި ދެޑޮކްޓަރުންވެސް އަވަސްވެގަތީ މިޝަލްގެ އެނދާދިމާލަށެވެ. އެހެނީ އެއަޑު އައީ މިޝަލްގެ އެނދާދިމާލުން ކަމެވެ.
މިޝަލްއަށް ވިހެއުން ވޭނަކަށް ނުވެއެވެ. އެހެނީ އޭނައަށް ދަރިފުޅު އުފަންވިކަން އިޙްސާސް ކުރެވުނީ އެއްވެސް ބުރައަކާއި ވޭނަކާއި ނުލައެވެ. އެއްވެސް ކުކުރުމަކާއި ނުލައެވެ. ކައިރީގައި ހުރި މީކާޢިލްގެ މޫނުމަތިން ފެނިގެން ދިޔަ އުފާވެރި ހިނިތުންވުން މިޝަލްގެ ދެލޮލުން ކަރުނަ ހިލުވާލިއެވެ. އޭނަ އެދަރިފުޅަށްޓަކާ ކުރި ފޮނި އިންތިޒާރު ނިމުމަކަށް އައުމުންނެވެ. ދަރިފުޅު ނަގާ މިޝަލްއަށް ދައްކާލީ ބަހީރާއެވެ. އެކުޑަކުޑަ ކުއްޖާ މީކާޢިލް އުރާލިތަނާހެން ރޯންފެށިއެވެ. މީކާޢިލް ދަރިފުޅުގެ ނިތްކުރީގައި ބޮސްދެމުން ގެނެސް މިޝަލްގެ މޭމަތީ ބާއްވާލަދިނެވެ. މިޝަލްގެ ދެލޯ މެރެމުންދިޔައީ އެވަގުތުއެވެ.
ހޮސްޕިޓަލްގެ ފަރާތުން އައިސް ހުރި ޑޮކްޓަރު މިޝަލްގެ އެނދުގެ ވަށައިގެން ދަމާލެވިފައިވާ ފަރުދާ ކަހާލުމަށްފަހު އަނެއްކާވެސް އިހު ހުރިގޮތަށް ދަމާލިއެވެ. އޭނާގެ މޫނުމަތިން ފެންނަނީ ހާސްކަމެވެ. ހަފްސާ މިޝަލްގެ އެނދު ނިވާކުރުމަށް ދަމާލެވިފައިވާ ފޮތިގަނޑުގައި އަތްލެވުނުތަނާހެން ޑޮކްޓަރުން ހަފްސާ ދުރުކުރަން މަސައްކަތްކުރިއެވެ. ހަފްސާގެ ހާސްކަމާ ކަންބޮޑުވުން އެކަމުގެ ސަބަބުން އިތުރުވެގެން ދިޔައެވެ.
“ޕްލީސް ޝީސް މައި ޑޯޓަރ، އައި ވޯންޓު ސީ ހާރ……..ޕްލީސް ޑޮކްޓަރ……..” ހަފްސާ ގަދަ ހަދާލުމާއެކު މިޝަލްގެ އެނދާ ދިމާލަށް ދާން މަސައްކަތް ކުރިއެވެ. އެވަގުތު ހޮސްޕިޓަލުގައި ތިބި ނަރުހުންވެސް އަވަސްވެ ގަތެވެ.
“މަންމާ………” މިޝަލްގެ އަޑު އިވުނީ ދެނެވެ.
އެއަޑާއިއެކު ޑޮކްޓަރުންނަށްވެސް ހަފްސާ ހިފަހައްޓާކަށް ނުކެރުނެވެ. ހަފްސާ އަވަސް އަވަހަށް މިޝަލްގެ އެނދު ނިވާކުރެވިފައިވާ ފޮތިގަނޑުގެ ދޭތެރެއަކުން މިޝަލްގެ ގާތަށް ލެފިލިއެވެ.
ހަފްސާއަށް މިޝަލް ފެނުމާއެކު މީހާ ތުރުތުރު އަޅައިގެން ދިޔައެވެ. މިޝަލްގެ މޭގައި ބާއްވާލެވިފައިވާ ތުއްތު ކުއްޖާ ފެނުމުންނެވެ. މިޝަލްގެ މެރިފައިވާ ދެލޯ ފެނުމުންނެވެ. ޑޮކްޓަރު ނަރުސްކުދިންގެ އެހީގައި މިޝަލްގެ ގައިމަތީގައި އަޅާފައިވާ ފޮތިގަނޑު ހިއްލާލީ ހަފްސާވެސް ގާތުގައި ހުއްޓައެވެ. އެނދުމަތީގައި ލޭކުލައިން ފޯވެފައިވާ ބޮޑުތަންގަނޑެއް އޮތެވެ. އެތަނަކުން ލޭކުލަފިޔަވައި އެހެންއެއްޗެއް ހަފްސާއަކަށް ނުފެނުނެވެ. މިޝަލް ވިހޭ ދަރިފުޅާއެކު އޮންނަންޖެހޭ މަހެއްވެސްނެތެވެ. ކުޑަކުއްޖާގެ ފޫޅުވެސްވަނީ ބުރިކުރެވިފައެވެ. މިކަންތައްތައް އެންމެނަށް އެނގުމުން ހައިރާންވީ ދެނެވެ. އެކަކުއަނެކަކަށް ވާހަކަދައްކަން ފެށުނީވެސް ދެނެވެ. ޑޮކްޓަރު ހައިރާންވެ އަންތަރީސް ވިކަމުގައި ވިޔަސް ބެލީ އަވަހަށް މިޝަލްއަށް ފަރުވާ ދެވޭތޯއެވެ.
ކުޑަކުއްޖާ ސާފުކޮށްލުމަށްފަހު ހަފްސާގެ އަތަށް ދިއްކޮލިއެވެ. ހަފްސާއަށް އެކުއްޖާ އުރާލެވުނީ ޖެހިލުންވެ ހުރެއެވެ. އެހެނީ އޭނަގެ ހިތަށްވެސް ވަނީ ނޭނގޭ ފާޑެއްގެ ބިރުވެރިކަމެއް ވަދެފައެވެ. އެކަމަކު އެތުއްތު ކުއްޖާ އަތުގެ ތެރެއަށް ލެވުމާއެކު ބުނެދެން ނޭނގޭ ހިތްހަމަ ޖެހުމެއްވެސް ލިބިގެން ދިޔައެވެ. އެވަގުތު އެކުއްޖާ ކުކުރާލިއެވެ. ހަފްސާއަށް ބޭއިޙްތިޔާރުގައި ނާނާއެއް ކިޔާލެވުނެވެ. އަދި ދުރަށް ހިނގައިގަތުމުގެ ކުރިން މިޝަލްއަށް ބަލާލިއެވެ. މިޝަލް އެނދުގައި ދެލޯ މަރާލައިގެން އޮތްއިރު ހީވަނީ ފުންނިންޖަކުން ނިދާލައިފައި ވާހެނެވެ. އެމޫނުމަތިން ފަނޑު ނަމަވެސް ހިނިތުންވުމެއް ފެނެއެވެ.
ޑޮކްޓަރު މިޝަލް ބަލާ ހެދުމަށްފަހު ހަފްސާއަށް މިޝަލްގެ ހާލު ރަނގަޅުކަމުގައި ބުންޏެވެ. އެކަމަކު މާލެ ނުގެންގޮސް ހަމަނުޖެހޭނެ ކަމުގައި ބުންޏެވެ. ހަފްސާ އަވަސްވެގަތީ މިޝަލް މާލެ ގެންދިއުމުގެ ކަންތައްތައް ހަމަޖެއްސުމަށެވެ.
މަޑުމަޑުން ދެލޯ ހުޅުވާލި މިޝަލްއަށް ފެނުނީ މުޅިން ތަފާތު ތަނެކެވެ. ހާސްވިއެވެ. އަވަހަށް ދަރިފުޅު ކޮބާތޯ ހޯދާލެވުނެވެ. އެހިތަށް ފިނިކަމެއް ލިބުނީ ފަޔާ ދިމާލުގައި ތިބި މީކާޢިލްގެ އާއިލާ ފެނުމުންނެވެ. އެމީހުން މިޝަލްއަށް މަރުހަބާ ކިޔެވެ. އެކަމަކު ވާހަކައެއް ނުދައްކައެވެ. މިޝަލްގެ ތުންފަތަށް ހިނިތުންވުމެއް ވެރިވެގެންދިޔައެވެ. އޭނަ އަށް މީކާޢިލް ފެންނަން ނެތުމުން ހޯދާލެވުނެވެ. އެވަގުތު ބަހީރާ އޭނަގެ ވާތް ފަރާތަށް ބަލާލިއެވެ. މިޝަލްއަށް އެއްޗެއް ދައްކަން ބޭނުންވާފަދަ ގޮތަކަށެވެ. މިޝަލްއަށް ފޯމުތަކެއް ހިފައިގެން ހުރި ނަރުސް ކުއްޖެއްގެ ފަހަތުގައި މީކާޢިލް ހުރިތަން ފެނުނެވެ. މީކާޢިލް އެނަރުސްކުއްޖާ ކުރާކަމެއް ވަރަށް ރަނގަޅަށް ބެލިއެވެ.
ލޭބަރ ރޫމުގެ ބޭރުގައި މިޝަލް ނެރޭނެ އިރެއްގެ އިންތިޒާރުގައި ހަފްސާ އާއި މިޝަލް ބެލުމަށް އުޅުނު ޑޮކްޓަރު އިނެވެ. އޭރު އިރުއަރަން ކައިރިވަނީއެވެ. ނަރުސް ކުދިން އައިސް ހަފްސާ ލައްވާ ފުރުވި ފޯމުތަކުގެ ސަބަބުންވެސް ހަފްސާ އިނީ ކަންބޮޑުވެފައެވެ. ކައިރީގައި އިން ޑޮކްޓަރާއި ދުރަށް ޖެހިލަން ޖެހުނީވެސް އެހެންވެއެވެ. އޭގައި މިޝަލްއަށް ކުއްޖެއް ލިބުނީ މީހަކާ ނީދެކަމުގައި ޖަހަން ޖެހުމުންނެވެ. ދެން ވާނެ ގޮތަކާއިމެދުއެވެ. ގިނަބައެއްގެ ތެރޭ އެދެމައިން ބޭޒާރުވެދާނެ ކަމާއިމެދުގައެވެ. އެހެންނަމަވެސް ހަފްސާ ގަބޫލުކުރާ ގޮތުގައި މިޝަލްގެ ނިންމުމަކީ އެންމެ ރަގަޅު ނިންމުމެވެ.
ނާސަރީގައި މިޝަލްގެ ދަރިފުޅު ބޭއްވިއްސުރެން އެތަނުގައި ދެންބައިތިއްބާފައި ތިބި ހުރިހާ ކުދިންވެސް ވަނީ އަރާމު ނިންޖަކުން ނިދާފައެވެ. މީކާޢިލް އެދަރިފުޅުގެ ކައިރިއަށް އައީ މިޝަލް ވޯޑަށް ގެންދިއުމުންނެވެ. މީކާޢިލް އިރުއިރުކޮޅާ އެތުއްތު މޫނުގައި ޝަހާދަތް އިނގިލީގެ ނުފުށުން ފިރުމާލައެވެ. އެމޫނުގައި ވަނީ އުފާވެރިކަމާއި ހިތްހަމަޖެހުމެވެ. އެކަމަކު އެތުއްތު ކުއްޖާ ނާސަރީއިން ނެރުނު ވަގުތުވީ އެންމެން އަޖައިބު ކުރުވަނިވި ކަމަކަށެވެ. އެހެނީ އެކުއްޖާ ނެރުމާއެކު ހުރިހާ ކުދިންތައް އެއްފަހަރާ ކަހަލަ ގޮތަކަށް ރޯން ފެއްޓުމެވެ.
މިޝަލް ދަރިފުޅު ދެކިލާހިތުން ހަފްސާގެ ގާތުގައި ދެތިން ފަހަރަށް އަހާލައިފިއެވެ. އެކަމަކު މާގިނައިރެއްނުވިއެވެ. މިޝަލްގެ ހިތްބޭނުންވިފަދައިން އެތުއްތު ކުއްޖާ އެއަތުގެ ތެރެއަށް ލާނޭ ފުރުޞަތެއް ލިބިއްޖެއެވެ. ދެނަރުސްކުދިން މިޝަލްގެ ދަރިފުޅު ގެނެސް އެއަތުގެ ތެރޭ ބާއްވާލިއެވެ.
“ވަރަށް ލޯބި ބޭބީއެއް……….” އެތަނުން ނަރުސްކުއްޖެއް ބުނެލިއެވެ.
މިޝަލް އެދެނަރުސް ކުދިންނަށްވެސް ހިނިތުންވެލިއެވެ. އެ ހިނިތުންވުމުގެ ތެރެއިން މިޝަލްގެ ކުދި ދަތްތައް ފެންނަވަރަށެވެ. ކައިރީގައި މީކާޢިލް ހުއްޓިލިތަން މިޝަލްއަށް ފެނުނެވެ. މިޝަލް ދަރިފުޅަށް ބަލާލިއެވެ. އެހިތް މައިވަންތަ ކަމުގެ ކުލުނުން ފުރިގެން ދިޔައެވެ. މީކާޢިލް އާއި އޭނަގެ ލޯބި އެހާ ފުރިހަމަ ވާނެކަމަކަށް މިޝަލް ހީއެއްނުކުރެއެވެ. މިޝަލް ދަރިފުޅުގެ ނިތްކުރީގައި ބޮސްދިނެވެ. އެވަގުތު އެތުއްތު ކުއްޖާ ކުކުރާލަމުން ލޯހުޅުވާލިއެވެ. މިޝަލްއަށް ފެނުނީ މީކާޢިލްގެ ދެލޮލުގެ ކަޅިފަދަ ފެހިކަން ގަދަ ކަޅިއެކެވެ. މިޝަލް އަވަހަށް ދަރިފުޅުގެ ބުރަކަށި ބަލާލިއެވެ. މީކާޢިލްގެ ދަރިއަކަށް އޭނަގެ ސިފަތައް ވާރުތަކުރާނެކަން ހިތްބުނުމުންނެވެ. ދަރިފުޅުގެ ފެހި ދެލޯފެނުމާވެސް އެކީއެވެ. ނަސީބުކަމެއް ނޫނީ ބަދުނަސީބެއްކަމެއް ނޭގެއެވެ. ދަރިފުޅުގެ ބުރަކަށީގައި ދެވަރައެއްނެތެވެ. އެކަމަކު އެދިމާލުގައި ދެލަފު ހުއްޓެވެ. ދެފަރާތަށް ވާގޮތަށެވެ.
“ކިހިނެއްވީ” ހަފްސާ އަހާލިއެވެ.
“ކަމެއް ނުވޭ މަންމާ، ދެން ކޮން އިރަކުން އަޅުގަނޑުމެން ގެއަށް ފޮނުވާނީ……….” މިޝަލް އަހާލިއެވެ. އޭނައަށް އެތަނުގައި މާމީހުން ގިނައީއެވެ. އެހެންވެ ހަފްސާއަށް ކަމުގައި ހަދާފައި މިޝަލް އެކަމަށް އެދުނީ މީކާޢިލްގެ ގާތުންނެވެ.
“އެއްދުވަސް އަދި ބާއްވާނެ” މިޝަލްގެ ހާއްސަ ޑޮކްޓަރު ނަޝްފާ ބުނެލިއެވެ.
“އަހަރެން މިއަދު ދެކުނުވަރުގެ މިރޭކަލްއެއް އަދި ދުވަހަކުވެސް އަހަރެންގެ ހަޔާތުގައި ނުދެކެން…….މިޝަލް ހާދަ ހިތްވަރު ގަދައޭ، އެންމެ ހައިރާންވީ ދަރިފުޅު އެކަނި އޮތުމުން، ޑޮކްޓަރވެސް ބަލާފަ ބުނި ސާފުކުރާކަށްވެސް ނުޖެހުނޯ، މީ އަޅެ އަޖައިބެއް ނޫންތަ ހަފްސާ” ޑޮކްޓަރ ނަޝްފާ ހަފްސާއަށް ބުނެލިއެވެ.
އެކަމުގައި ހަފްސާއަށް ބުނާނެ އެއްޗެއް ނޭނގުނެވެ. ހަފްސާ އޭނައަށް ފާހަގަ ކުރެވުނު ކަންތަކުގެ ވާހަކަ ނުދެއްކި ކަމުގައިވިޔަސް އޭނައަށްވެސް ޑޮކްޓަރ ނަޝްފާ ބުނިހެން އާދަޔާހިލާފު ކަންތައްތަކެއް ފާހަގަ ކުރެވުނެވެ. މިޝަލްގެ މޫނުމަތިން އޭނަ ބަލިވެ އިނދެ ވިހޭ ކަމުގެ އެއްވެސް އަސަރެއް މިހާރަކު ފެންނާކަށްނެތެވެ. އެހަށިގަނޑު ވަނީ ކުރިން ހުރި ގޮތަށް ރުޖޫޢަވެފައެވެ. މިޝަލް ތަނަކަށް ތަދުވާތީއެއް ނޫޅެއެވެ. ހުޅުމާލެ ހޮސްޕިޓަލުގެ އެމަރޖެންސީ ރޫމުގައި ހިނގި ހާދިސާ ހުދު އޭނައަށްވެސް ގަބޫލުކުރަން ދައްޗެއްވެ. މިޝަލް ބަލިވެ އިންކަން އެނގުނީއްސުރެން މިޝަލްގެ ޢަމަލުތައް ހުންނަގޮތް ތަފާތުކަންވެސް ހަފްސާއަށް އެނގެއެވެ. އެކަމަކު އެއީ މާބަނޑު މީހަކަށް އެދުވަސްވަރު ދިމާވެދާނެ ކަންތައްކަމުގައި ހަފްސާ ހީކުރިއެވެ.
ހަފްސާ ސިއްސައިގެން ދިޔައީ ފޯނު ރިންގުވާންފެށި އަޑަށެވެ. ކާކުތޯ ބަލާލިއެވެ. އެވަގުތު ޑޮކްޓަރ ނަޝްފާ ދިއުމުގެ ހުއްދައަށް ހަފްސާގެ ކައިރިން އެދުނެވެ. ހަފްސާ އާއެކޭ ބުނުމުގެ ގޮތުން ބޯޖަހާލިއެވެ. އަދި ފޯނުނަގާ ވަހަކަދައްކަން ފެއްޓިއެވެ.
“ލީންތަ…” ހަފްސާ ފޯނު ބޭއްވުމުން މިޝަލްއަށް އަވަހަށް އަހާލެވުނެވެ.
“ހޫމް………މިކޮޅަށް އަށްގަނޑި ބައިގެ ފެރިން މިއަންނަނީ އޯ…..” ހަފްސާ ބުނެލިއެވެ. އަދި ސާޝާއަށް ގުޅާލިއެވެ. އަލައިނާ އާއި މަލަކާ އަންނައިރު ހަފްސާއަށާއި މިޝަލްއަށް ބޭނުންވާ ބައެއް އެއްޗެހި ގެނައުމަށެވެ.
ދަރިފުޅުގެ ބަނޑުހައި ހޫނުކަން ފިލުވާދޭން މަސައްކަތް ކުރަމުންދިޔަ މިޝަލްގެ މޫނުމަތީގައި ވަނީ ސީރިއަސްކަމެވެ. މިޝަލްއަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ނަރުސް ކުއްޖެއް އޭނަގެ ގާތުގައި ހުއްޓެވެ. އަލަށް ވިޔަސް މިޝަލްއަށް މާއުނދަގޫކަމަށް ނުވިއެވެ.
އަލައިނާ އާއި މަލަކާ އަންނަން ވާއިރަށް މިޝަލްއަށް އައި.ޖީ.އެމް.އެޗް އިން ޕްރައިވެޓް ކޮޓަރިއެއް ހަމަޖެހުނީ ވެސް އަޖައިބެއް ކަހަލަ ގޮތަކަށެވެ. ހަފްސާ މިޝަލް ލޭބަރ ރޫމަށް ވެއްދުމާއެކު ކޮޓަރިއެއް ހޯދަން އުޅުނެވެ. އެކަމަކު އޭރު އޮތީ ވެއިޓިން ލިސްޓުގައެވެ. މިޝަލް ވޯޑަށް ނެރި ދެގަނޑިއިރުވެސް ނުވަނިސް ކޮޓަރި ހަމަޖެހިއްޖެއެވެ. ހަފްސާ ހުރީ ވާނުވާ ނޭގޭފަދަ ގޮތެއްވެފައެވެ. ހީވެސް ނުކުރާފަދަ ގޮތަކަށް ކަންތައްތައް ފަހިވަމުން ދާތީއެވެ.
މިޝަލްއަށް ކޮޓަރީގެ އެނދުގައި ހަމަޖެހިލެވުނީ ކިރިއާއެވެ. ހަފްސާ މިޝަލް ބާއްވާފައި ދިޔައީ އަލައިނާމެން ބަލައެވެ. އެވަގުތުކޮޅުވީ މިޝަލްއަށް ރަނުގެ ފުރުޞަތަކަށެވެ. މީކާޢިލް އާއި ވާހަކަދައްކާލާ ހިތުން އޭނަ ހުރީ ކެތްމަދުވެފައެވެ.
“މިޝަލް……….އަހަރެންގެ ފުރާނައަށްވުރެވެސް ލޯބިވާ މިޝަލް……….އަހަރެން ޝުކުރުއަދާކުރާނީ ކިހިނެއް، މަންމާ، ނިކަން ބަލާލަބަލަ މިއޮތް ކުއްޖާ، މީ ހަމަ މިޝަލް އެއްނޫންތަ” މީކާޢިލް ހީވަނީ އުފަލުންގޮސް އުއްދައިސައިގަނެދާނެހެނެވެ. ކުޑައެނދުގެ ކައިރިއަށް ގުދުވެ ބަހީރާއަށް ދަރިފުޅު ދައްކަންފެށިއެވެ.
“ނޫން……….މީކާޢިލް އާއި ވައްތަރީ……….ހަމަ ތިޔަ ދެލޯ……….” މިޝަލް ހިނިއައިސްފައި ބުނެލިއެވެ.
“ކޮއްކޮ ހީވަނީ ހަމަ ދައްތަހެން………..ބޭބެ ބުނީ ހަމަ ތެދެކޭ……….” ފުރުޞަތެއް ނުލިބިފައި ހުރި ބަލްޤިސް ބުނެލިއެވެ. އަދި އައިސް މިޝަލްގެ ގައިގާ އޮޅުލައިގަތެވެ.
“މީކާޢިލް……..އަހަރެން ބޭނުންވަނީ ގެއަށްދާން……..” މިޝަލް މީކާޢިލްއަށް ބުނެލިއެވެ.
“މިރޭ ދޭއްޖަހަންދެން އެމީހުންނަށް މިޝަލް ހިފަހައްޓާލެވޭނީ……….މަގޭ އަންހެނުންނާ ދަރިފުޅު ގެއަށް ގެންގޮސްދޭނަން………..” މީކާޢިލް ޔަގީންކަމާއިއެކު ބުނެލިއެވެ.
ދޮރުގައި ހިފާލުމާއެކު މިޝަލް ހަމަހިމޭންވިއެވެ. އޭނައަށް އަލައިނާ ފެނުމާއެކު އުވާފިއެވެ. އަލައިނާ އައިސް މިޝަލްގެ އަތުގައި ހިފަހައްޓާލިއެވެ.
“ހާދަ އަވަހަކާ………އައި ވޯސް ނޮޓް އެކްސްޕެކްޓިންގ…………” އަލައިނާ ހައިރާންވެފަ އަހާލިއެވެ. އަދި ކުޑައެނދުގެ ކައިރިއަށް ޖެހިލިއެވެ. މަލަކާވެސް ހުރީ ހައިރާންވެފައެވެ.
“އޯ..ވަރަށް ލޯބި ލޯބި ބޭބީއެއް، ފުއްކޮޅެއްހެން ހީވަނީ، މޮޑެލާ ހިތްވަނީ، މަންމާ އަޅުގަނޑު އުރާލަންތަ” އަލައިނާ ކެތްތެރިކަން ކުޑަރާގެއްގައި މަލަކާއަށް ބުނެލިއެވެ. މިޝަލްއަށް މިމަންޒަރު ފެނިފައި ހޭންއިނެވެ.
“ލީން އުރާލަބަލަ” މިޝަލް ބުނެލިއެވެ.
“ނޫން….ނޫން، އަނެއްކާ މަގޭ އަތުން ވެއްޓިއްޖެއްޔާ، މަންމަ ނަގާދީބަލަ” އަލައިނާ މަލަކާގެ ގާތުކިޔަންފެށިއެވެ.
މަލަކާ ކުޑައެނދުގެ ގާތަށް ޖެހިލިއެވެ. އެވަގުތު އޭނަގެ މޫނުމަތި އުޖާލާވެގެންދިޔައެވެ. މޫނުމައްޗަށްވެރިވެފައިވާ ހިނިތުންވުމާއެކު އެތުއްތު ކުއްޖާ ނަގާއުރާލިއެވެ. އަދި އެކުޑަކުޑަ އަތުގައި ބޮސްދިނެވެ.
“މަންމާ، ދެން އަޅުގަނޑު އުރާލަން، ޕްލީސް…..ޕްލީސް……” ކެތްމަދުވެފައި ހުރި އަލައިނާ ބުނަމުންދިޔައެވެ.
އެނދުގައި މިމަންޒަރުތައް ބަލަން މިޝަލް އޮތްއިރު އޭނަގެ ހިތަށް ނޭގޭ ހިތްހަމަޖެހުމެއްވަނީ ވެރިކުރުވާފައެވެ. އެހެނީ އެތުއްތު ކުއްޖާގެ ޖާދޫގައި އޭނަ ފެންނަ ކޮންމެ މީހެއް ޖައްސަމުން ދިއުމެވެ. އިރުއިރުކޮޅާ ކައިރީގައި ހިނިއައިސްފައި ހުރި މީކާޢިލްއަށް ބަލާލައެވެ. އޭނަގެ އެދަރިފުޅަކީ އާދައިގެ އިންސާނެއްކަމާއިމެދު މިޝަލްގެ ހިތުގައި ޝައްކުއުފެދެއެވެ.
“ޝެބީ………މި ނެޕީ ނައްޓާލަންތަ” އަލައިނާ އަހާލިއެވެ. މިއަޑަށް މަލަކާ އާއި ހަފްސާ ހޭންފެށިއެވެ.
“އެއީ ކީއްކުރަން………” މިޝަލް ހައިރާންކަމާއިއެކު އަހާލިއެވެ.
“ދެން މިހެން އޮތީމަ ނޭގެ މީ ގާރލްއެއް ކަމެއް ބޯއީއެއްކަމެއް…..ޕްލީސް ބަލާލަންށޭ……” އަލައިނާ ހެވިލާފައި ބުނެލިއެވެ.
“ސާބަސް ލީންއަށް…..އަޅެ ބުނެބަލަ، ކިހިނެއް ހީވަނީ؟ ކޮންވައްތަރެއް؟” މިޝަލް ބޭނުންވީ އަލައިނާއަށް ޖަވާބެއް ނުދީ ހިފަހައްޓާލާށެވެ.
“ހީވަނީ….ހިވަނީ…..ދެން ނޭނގުނޭ ޝެބީ، މިއޮތީ ލޯބިކަން…ދެން ޝެބީ ބުނެބަލަ އެހެންނޫނީ މި ނެޕީ ނައްޓާލަނީ” އަލައިނާ އެތުއްތު ކުއްޖާގެ ނެޕީގައި އަތްޖައްސާލަމުން ބުނެލިއެވެ.
“އަހަރެންގެ ކުއްޖެއް އަހަންނާއެއްނު ވައްތަރުވާނީ…..ނޫންތަ މަންމާ………” މިޝަލް ބުނެލިއެވެ.
“ސޯ ތިބުނީ ގާރލްއެކޭ ދޯ….” އަލައިނާ ކުރިއަށްވުރެ ބޮޑަށް ހިނިތުންވެލުމާއެކު އަހާލިއެވެ. އެއާއެކު މިޝަލް ބޯޖަހާލީ އާއެކޭ ބުނުމުގެ ގޮތުންނެވެ.
“ދެން ތިކުއްޖާ ނަގައިގެން ނުހަލުވަބަލަ، މިހާރު ހުންނާނީ އުރާލެވިފައޭ…….ދެން އަވަހަށް ބާއްވާ…..” މަލަކާ އަލައިނާއަށް ބުނެލިއެވެ.
އަލައިނާ އުޅުނު ގޮތުން އޭނަގެ ހިތުގައި އުފެދިފައިވާ ބިރުވެރިކަންވެސް ހީވަނީ ފިލައިގެން ގޮއްސިހެނެވެ. އޭނައަށް އެއްވެސް ކަމެއް ނުފެންނަ ފަދައެވެ. އެކަމާ މިޝަލް ވަރަށް އުފާވިއެވެ. އެންމެންގެ މޫނުމަތިން ހިތްހަމަ ނުޖެހުމުގެ އަސަރު ފެންނަން ނެތުމުންވެސް މެއެވެ.
ހަފްސާ އާއި މަލަކާ ހުރީ މިޝަލްމެން ދެމައިންގެ ހާލުވެސް ރަގަޅުވީތީ އެކަމާ ވަރަށް ހިތްހަމަޖެހިފައެވެ. ނަމަވެސް އެކަކުވެސް އަނެކަކުގެ ގާތުގައި ރޭގެ ހާދިސާގެ އެއްވެސް ވާހަކައެއް ނުދައްކައެވެ. މަލަކާ ބޭނުންވީ ހަފްސާ ގެއަށް ފޮނުވާލުމަށެވެ. އެއީ ތާޒާ ވެލައިގެން އައުމަށެވެ. މަލަކާ ދެކޭ ގޮތުގައި މިޝަލް ކުރިކުށަކީ މާފުނުލިބޭނޭވަރުގެ ކުށެއްނޫނެވެ. އަދިވެސް އެއީ އޭނަގެ ދަރިއެއްފަދަ ލޯބިވާ މިޝަލްއެވެ. އެކަން ދުވަހަކުވެސް ބަދަލުވާނެހެނެއް ހިޔެއްނުވެއެވެ.
މިޝަލްއަށް މީކާޢިލް ދޮރުކުރިމަތީ ހިނގާކަން ކުއްލިއަކަށް ފާހަގަކުރެވުނެވެ. ކިހިނެއްކަމެއްވީ މިޝަލްއަކަށް ނޭގެއެވެ. އަހާލާނެހާ ފުރުޞަތެއްވެސް ނުލިބެއެވެ. މީކާޢިލް އެއްލިކަޅިއަކުން މިޝަލްގެ ނުތަނަވަސްވަމުން އަންނަ މޫނުފެނުނެވެ. އޭނަ މިޝަލްގެ ކަންފަތް ގާތުގައި ކޮންމެވެސް އެއްޗެއް ބުނެލިއެވެ. މިޝަލް ހާސްވިކަމަކު ފުންނޭވާއެއްލުމާއެކު ހަމަޖެހިލިއެވެ. އަދި ކުރީގަ އެމޫނުގައި ވީފަދަ ހިނިތުންވުމަކާއިއެކު އެންމެނަށް ހީލިއެވެ. ކުއްލިއަކަށް ދޮރުގައި ޓަކިޖަހާލައިފައި ހުޅުވާލުމާއިއެކު ފުލުހުންގެ ތިންމީހުން މިޝަލްއާއި ސުވާލުކުރުމަށް އެކޮޓަރިއަށްވަނީ ހަމައެވަގުތުއެވެ.
ކޮޓަރީގައި އެކަނިމާއެކަނި އިން މިޝަލްއާއި ފުލުހުން ސުވާލުކުރަމުންދިޔައެވެ. މިޝަލް ވިސްނުންތެރިކަމާއިއެކު ޖަވާބުދެމުންދިޔައެވެ. އޮޅުންއަރާފާނެ އެއްވެސް އެއްޗެއް ނުބުނެވޭތޯއެވެ. އޭރު ކޮޓަރީގެ ބޭރުގައި ހުރި ހަފްސާ ކަންބޮޑުވުމާއެކު ދެކޮޅަށް ހިނގާލަ ހިނގާލަ ހުއްޓެވެ. ތުންފަތުގައި އަތްތިލަ ޖައްސާލައިގެން ދެކޮޅަށް ހިނގާ ހަފްސާގެ ހިތުގައިވަނީ ބިރުވެރިކަމެވެ. މިޝަލްއަށް އެފުލުން ހަދާނީ ކިހިނެއްބާއޭ ހިތަށްއަރާފައެވެ. އެމީހުން ނުކުންނާނީ ކިހާ އަވަހަކާބާއޭ ހިތަށްއަރާވަރުންނެވެ.
މިޝަލް އެޑްމިޓު ކުރެވިފައިވާ ކޮޓަރިން ފުލުހުން ނުކުމެގެން ދިއުމާއެކު އަވަސް އަވަހަށް އެންމެން އެކޮޓަރިތެރެއަށް ދެމިގަތެވެ. އަދި މިޝަލްއާއިއެކި އެކި ސުވާލުތައް ކުރަންފެށިއެވެ. މިޝަލް އެންމެނަށް ވީގޮތްކިޔާދިނެވެ. ވިހާފައިވަނީ ބައްޕަނެތް ދަރިއެއްކަމުގައި އެފުލުހުންނަށް މިޝަލްދިން ބަޔާނުގެ ވާހަކައެވެ. އެކުށަށް އޮތްއަދަބުގެ ވާހަކައެވެ. އެންމެންނަށް ކުޑައެނދުގައި އޮތްތުއްތު ކުއްޖާ ދައްކާލަމުން އެއީ މިޝަލްއަށް ލިބުނު އަގުހުރި ހަދިޔާއެއް ކަމުގައި ބުނެލިއެވެ.
މިހުރިހާ ކަމެއް ހިނގާ ދިޔައިރުވެސް މިއިންއެއްވެސް ކަމެއް ނޭގުނީ ރެހާންއަށެވެ. މިޝަލް ނުފެންނާތީ ސުވާލުކޮށްހަދާ އުޅުނު ރެހާންއަށް އަލައިނާ ހަދަމުން ދިޔައީ ދޮގެވެ. މިޝަލްގެ ކަންތައްތައް އޭނައަށް ފޮރުވުމަށެވެ. އެކަމަށް އެދުނީވެސް ހުދު މިޝަލްއެވެ. އެހެނީ އޭނަގެ ސަބަބުން އަލައިނާއަށް ދެރައެއްލިބެން އޭނަ ބޭނުންނުވާތީއެވެ. އޭނަފަދަ ރަޙްމަތްތެރިއެއް އަލައިނާގެ އެންމެ ގާތް ރަޙްމަތްތެރިއާގެ މަގާމުގައި ހުރުމުން ރެހާން ކުރާ އިތުބާރަށް އެއްވެސް ބަދަލެއް އަންނާކަށް މިޝަލް ބޭނުމެއް ނުވެއެވެ. ރެހާންވެސް ފަހުން ފަހުން އައިސް މިޝަލްގެ ވާހަކައެއް އަލައިނާގެ ގާތުން ނާހައެވެ. އޭނަވެސް އަބަދު އެކައްޗެއް އަޑު އިވި އިވި އެއަށް ހޭނުނީކަންވެސް ނޭގެއެވެ. އޭނަގެ އެންމެ ބޮޑު އިންތިޒާރަކީ އަލައިނާ އާއި ކައިވެނި ކުރެވޭނޭ ދުވަހެކެވެ. އެދުވަސްވެސް މާދުރަކު ނެތެވެ. އެހެނީ ކައިވެނި ކުރަން ހަމަޖެހިފައިވާ ތާރީޚު އަންނަން އެއްމަސްދުވަހަށްވެއްޖެއެވެ. ކައިވެނީގެ ހުރިހާ ކަމަކަށް ހިނގާނޭ ހަރަދައް ދަންދެން ރެހާން ބޭނުންވަނީ އޭނަގެ ފަރާތުން ކުރާށެވެ. އެއީވެސް އޭނަ އަލައިނާ ދެކެވާ ލޯބި ރަމްޒުކޮށްދޭ ކަމެއްކަމަށް އޭނަ ދެކޭތީއެވެ.
ރޭގަނޑު ގަޑިން ދިހައެއް ޖަހަން އުޅެނިކޮށް މިޝަލްއަށް އޭނަ ގެއަށް ފޮނުވާލަން އުޅޭކަމުގެ ހަބަރު އިވުނެވެ. އޭރު މަލަކާ ގެއަށް ގޮއްސިއެވެ. އަލައިނާ ކޮންމެވެސް ބަހަނާއެއް ދެއްކުމަށްފަހު މިޝަލްގެ ގާތުގައި މަޑުކުރިއެވެ. ހަފްސާ ސާޝާގެ ގާތުގައި މަލަކާ އާއިއެކު ދިއުމަށް ބުންޏެވެ. އަދި އޭނައަށް ރޭގަނޑުގެ ކެއުން ޕާރުސަލްކޮށްފައި ދިނުމަށް އެދުނެވެ.
“އޭ ލީން، ދޭބަލަ ގެއަށް ފޮނުވަނީ ކޮންއިރަކުންތޯ ބަލާލަން………” މިޝަލް އެނދުގައި ތެދުވެ ކުޑައެދާ ދިމާލަށް ފަޔަވަޅެއް އަޅާލިއެވެ.
“ދަރިފުޅާ……….އަދި ތިހެން ތެދުވެ އުޅޭކަށް ނުވާނެއޭ، ދަރިފުޅުގެ ހަށިގަނޑުވެސް އަދި ޅަވާނެއެއްނު….” ހަފްސާ ކަންބޮޑުވުމާއި ހައިރާންކަމާއިއެކު ބުނެލިއެވެ.
“މަންމާ، އަޅުގަނޑު ރަގަޅޭ……..ދެން ތިހާ ކޮންސާން ނުވެބަލަ……..” މިޝަލްގެ އަޑުގައި އެއްވެސް ހާސްކަމެއް ނުވެއެވެ. އޭނަގެ އެއްވެސް ތަނަކަށް ތަދެއްނުވެއެވެ. ހަގީގަތުގައި ވިހެއުމަކީ ކޮބާކަން، އެކަމުގެ ވޭނެއް މިޝަލްއަކަށް އިޙްސާސެއް ނުވެއެވެ. އެކަން އޭނައަށް މުހިއްމެއްވެސް ނޫނެވެ. މިޝަލްގެ ހުރިހާވެސް އުއްމީދަކީ އެދަރިފުޅު މިދުނިޔެއަށް އުފަންކުރުމެވެ. މީކާޢިލްގެ ދަރިއެއްގެ މަންމައަކަށްވުމެވެ. އެކަން ކިތަންމެހާވެސް ފުރިހަމައަށް ހާޞިލްވެއްޖެއެވެ. އެއީ އުފާވެރި ކުޑަކުޑަ އާއިލާއަކަށްވެއްޖެއެވެ. މިޝަލްއަށް އެއްވެސް ތަފާތުކަމެއް ނުވެއެވެ. މީހުން ރުހުމުގެ ލޮލަކަށް ޢައިބެއް ނުފެންނާނެއޭ ބުނަނީ ހަމަ ހެޔޮކޮށެވެ. މިޝަލް އިންސާނުންގެ ތެރޭދިރިއުޅެމުން ގެންދާއިރު އޭނައަށް އެހެން އިންސާނުންނަށް ނުފެންނަ ކިތަންމެކަމެއް ފެނެއެވެ. އެކަމަކު އެކަންތައްތަކަކީ މިހާރު މިޝަލްއަށް ބޮޑުކަމެއް ނޫނެވެ.
ނަރުސް ކުއްޖާ އުފާވެރި ހަބަރައިގެން އައީ ބާރަޖަހަނިކޮށެވެ. މިޝަލް އާއި ދަރިފުޅުގެ ހާލު ރަގަޅުވީތީ ގެއަށް ދިއުމުގެ ހުއްދަ ޑޮކްޓަރުދެއްވައިފިއެވެ. މިޝަލްގެ އަނގައިގާވާ ހުރިހާ ދަތެއްފެނުނު ކަހަލައެވެ. ނަރުސްކުއްޖާވެސް ހުރީ މިޝަލް އުޅޭގޮތްފެނިފައި ހައިރާންވެފައެވެ. އަލައިނާ އައިސް މިޝަލްގެ އަތުގައި ހިފާލިއެވެ.
އައި.ޖީ.މެޗް.އެޗް ހޮސްޕިޓަލުން ނުކުންނަން ދިޔަ މިޝަލްގެ ދެލޯ ބޮޑުވީ އޭނައަށް އެއްޗެއް ފެނުނުކަހަލަ ގޮތަކަށެވެ. ދެލޯ މަރާލުމަށްފަހު ލޯހުޅުވާލިއެވެ. އޭނައަށް ފެންނަނީ ހަމަރަގަޅަށެވެ. ހޮސްޕިޓަލަށް ވެރިވެފައިވާ ރީތި ހަނދުވަރުގެ އަލީގައި ހުދުކުލައިގައި ތިބި ބައެކެވެ. ފެންނަފެނުމަށް ހީވަނީ ހަނދުވަރުގެ އަލިން އެމީހުން ދިއްލިފައިތިބިހެންނެވެ. އަންހެނުންގެ މޫނުތަކާއި ފިރިހެނުންގެ މޫނުތަކެވެ. ކުދިބޮޑު އެންމެންކަހަލަ ގޮތަކަށެވެ. މިހާ މީހުން އެއްވެފައި އޮއްވައެއް މިޝަލް ދުވަހަކުވެސް ނުދެކެއެވެ. މިޝަލްއަށް ވަށައިގެން ބެލެނީ އެއްވެފައިތިބި މީހުންނަށެވެ. އެ އެންމެންގެ މޫނުމަތިން ފެންނަނީ އުފާވެރިކަމުގެ ހިނިތުންވުމެކެވެ. އެމަންޒަރު ފެންނަ ކޮންމެ މީހެއްގެ ހިތަށް ފިނިކަން އިޙްސާސު ކުރުވާފަދަ ހިނިތުންވުމެކެވެ. އެމީހުންގެ ރީތިކަމާއެކު ވަށައިގެން އަލިކަންވެސް ފެތުރިފައިވެއެވެ.
މަޑުކޮއްލައިގެން އޮތް ޓެކްސީއަށް އެރުވުމަށް ހަފްސާ މިޝަލްގެ އަތުގައި ހިފާ ގާތްކޮއްލިއެވެ. އެވަގުތު ކައިރީގައި ތިބި މީހުން މިޝަލްއަށް އިޙްތިރާމް ކުރުމުގެ ގޮތުން އިސްޖަހާލިއެވެ. މިޝަލްއަށް އެވަގުތު އިޚްސާސް ކުރެވުނީ ރަތްދޫލައެއްގައި ހިނގަމުން އައިސް ކާރަށް އެރުނު ރާނީއެއްހެންނެވެ. އެހުރިހާ އެންމެންނަކީ ކޮންބައެއްކަން މިޝަލްއަށް އެނގުނެވެ. އޭނަގެ މޫނުމައްޗަށް ވެރިވެފައިވާ ހިނިތުންވުން އެންމެ ހިނދުކޮޅަށްވެސް ފިލައިގެން ނުދެއެވެ. އެމީހުން މިޝަލްއަށް އެފަދަ މަތިވެރި ގަދަރެއް އެކުރަނީ ކީއްވެބާއޭ ހިތައްއެރިއެވެ.
ކާރުދުއްވާލުމާއެކު މިޝަލް ދޮރުގެ ލޯގަނޑުން ބަލާލިއެވެ. އެވަގުތު މުޅިތަން އަލިވެގެން ދިޔައެވެ. އެކި ވަރުވަރުގެ ވަރަތަކެވެ. އޭގައި ވަށައިގެން އަލިކަމެއް ނޫނީ ނުވެއެވެ. އެފަދަ ހިތްގައިމު އަޖައިބު ކުރުވަނިވި މަންޒަރެއް އަދި ދުވަހަކުވެސް ނުފެނެއެވެ. އެވަގުތު އެތުއްތު ދަރިފުޅު ކުކުރާލިއެވެ. މިޝަލް ހަފްސާގެ އަތުން ދަރިފުޅު ނެގުމަށްފަހު އޭނާގެ މެޔާލާ ބޮނޑިކޮއްލިއެވެ. މީކާޢިލްގެ ލޯބީގެ ތެދުވެރިކަމާއިމެދު ފަހުރުވެރިވެވުނެވެ. އެހެނީ އިންސާނަކަށް އެދަރަޖައަށް މިޝަލްދެކެ ލޯބިނުވެވޭނެކަން އެނގޭތީއެވެ.
“ޝެބީ ކޮންއެއްޗެއްތަ ތި ބަލަނީ ތިވަރަށް؟ ދަންނަ މީހެއް ހުރީތަ…….” އަލައިނާ މިޝަލް ލޯގަނޑުން ބޭރުބަލާކަން ފާހަގަކުރެވިގެން އަހާލިއެވެ.
“އަހަރެން މިއިނީ ވަރަށް އުފަލުން، ބޭނުންވަނީ ދެން އަވަހަށް ގެއަށް ދާން………” މިޝަލް ބުނެލިއެވެ. ހަފްސާ މިޝަލްއަށް ހިތުންވެލިއެވެ. އަދި ހުޅުމާލެއަށް ދިއުމަށް ލޯންޗު ތައްޔާރުކުރިއެވެ.
ލޯންޗު އޮތް ދިމާލަށް ކާރުގޮސް ހުއްޓިއިރުވެސް މަގުމަތީގައި މިޝަލްގެ އިސްތިޤުބާލުގައި ތިބި މީހުންމަދެއްނުވިއެވެ. ކާރު ދުއްވާފައި އައި ކޮންމެ މަގެއްގައިގައިވެސް އެތަކެއްބައެއް ތިއްބެވެ. ލޯންޗު ފަޅުން ނިކުމެވެންދެން އެމީހުންތައް ތިއްބެވެ. ދެން ފެންނަންފެށީ ތަފާތު މަންޒަރެކެވެ. ލޯންޗު ހުޅުމާލެއާއި ކައިރިކުރެވެންދެން ލޯންޗުގެ މަތިން ހުރަސްކަނޑާ އަލިކޮޅުތައް ހީވަނީ ބައެއް ފަހަރަށް ލޯންޗުގަވެސް ޖެހިދާނެހެނެވެ. މިޝަލްއަށް އަތުގެ ތެރޭ އޮތް ދަރިފުޅަށް ދޭތެރެއަކުން ބަލާލެވެއެވެ.
ހުޅުމާލެއަށް ގާތްވިއިރު މާލެއިން ފެނުނު ކަންތައްތަކާއި އެއްވެސް ތަފާތެއް ނެތެވެ. މީހުންނާގެން މަގުތައްވަނީ ފުރިފައެވެ. އަދި ގޭދޮށުގައި އެއްވެފައި ތިބި މީހުން މާގިނައެވެ. ހަނދުވަރުވެސް މާފުރިހަމައެވެ. މިޝަލް ގެއަށް ވަންނަން ހިނގައިގަތުމާއެކު އެންމެން އިސްޖަހާލުމާއެކު އެމީހުންގެ ވަރަތައް ހުޅުވާލިއެވެ. މިޝަލް ދޮރުމަތީ މަޑުކޮއްލިއެވެ. އަދި ގިނައިރުނުވެ ގޭތެރެއަށް ވަނެވެ.
އަލައިނާ ނިދީ މިޝަލްގެ ކޮޓަރީގައެވެ. އޭނަ ހުރީ ނިދަން ބޭނުންވެފަކާއެއްނޫނެވެ. އެކަމަކު އެދެލޮލަށް ނިދި ސަވާރުވީ ކިހިނެއްކަމެއް ނޭގުނެވެ. މިހާރު އޭނަ އޮތީ ގަދަ ނިދީގައެވެ. އަލައިނާ ނުހޭލާނެ ކަމުގެ ޔަގީންކަން ދިނީ މިޝަލްގެ ގާތުގައި ހުއްޓިލި މީކާޢިލްއެވެ. މުޅިކޮޓަރި ތެރެވަނީ ހަމަހިމޭން ވެފައެވެ. މިޝަލް ނިދާ ބޮޑުއެނދުގެ އެއްފަރާތުގައި ދަރިފުޅު ބާއްވާލައިފައި އޮތެވެ. އެކުއްޖާވަނީ އަރާމު ނިންޖަކުން ނިދާލާފައެވެ.
މީކާޢިލް މިޝަލްގެ އަތުގައި ހިފައިގެން ތެދުވިއެވެ. އަދި ކުޑަދޮރުގެ ގާތަށްގޮސް ދޮރުފޮތިގަނޑު އެއްފަރާތަކަށް ކަހާލިއެވެ. އެއާއެކު ކޮޓަރިތެރެއަށް ހަނދުވަރުގެ އަލިއެޅިގެން ދިޔައެވެ. ހުޅުވާލިދޮރާއެކު ކޮޓަރިތެރެއަށް ފިނިވައިރޯޅިއެއްވެސް ވަދެގެންދިޔައެވެ. މީކާޢިލް މިޝަލް ގެނެސް އޭނަގެ އަތުގެ ތެރޭ ބޮނޑިކޮއްލިއެވެ. މޫނުގައި ބޮސްދޭންފެށިއެވެ.
“އަހަރެން ވަރަށް ވަރަށް އުފާވެއްޖެ، އަހަރެންގެ މީހުންވެސް ތިބީ ވަރަށް އުފަލުން……….” މީކާޢިލް މިޝަލްގެ ކޯތާފަތުގައި ފިރުމާލަމުން ބުނެލިއެވެ.
“އަހަންނަށް ހުސްވެސް އެފެނުނީ މީކާޢިލްގެ މީހުންތައް……..އެއީ މީކާޢިލްގެ ތިމާގެ މީހުންތައް، އަހަރެން އަޖައިބުވި……..ސީރިއަސްކޮށް، ގަބޫލުކުރަންވެސް ހުރީ ދަތިވެފަ………….” މިޝަލް ބުނަމުންދިޔައެވެ.
“އެންމެންނަކީ އަހަރުމެންގެ އާއިލާއާއި ގުޅުން ތިބި ބައެއްނޫން، ދެންބުނެބަލަ، ކީއްވެތަ މިޝަލް ދޮރުމަތީގަ މަޑުކޮއްލާފަ ވަނީ؟” މީކާޢިލް ސުވާލުކުރިއެވެ.
“ހިތްބުނީ އެއީ މީކާޢިލްގެ ދަރިފުޅު ދެކިލުމަށް އައިސް ތިބިމީހުންނޭ، އެހެންވެ މަޑުކޮއްލެވުނީ……..އެކަމަކު މަންމަވެސް ގާތުގައި ހުރުމާއިއެކު އެހާގިނައިރު މަޑުކުރަން ނުކެރުނީ…..” މިޝަލް ހިނިތުންވެލަމުން ބުނެލިއެވެ.
“އެމީހުން ދިޔައީ ވަރަށް ހިތްހަމަޖެހިގެން……” މީކާޢިލް ވާހަކަދައްކަން ފެއްޓިއެވެ.
“ކީއްވެތަ އެމީހުން އެހާވަރުން އެއައީކީ……..ހަމަ ކޮންމެ މީހަކަށްވެސް ދަރިއެއްލިބޭ އިރަށް އެގޮތަށް ގޮވާލަން އާދޭތަ؟” މިޝަލް މީކާޢިލްގެ ވާހަކަ މެދުކަނޑާލާފައި އަހާލިއެވެ.
“އަހަރެން ކުރިންވެސް މިޝަލްގާތުގައި ބުނީމެއްނު، އަހަންނަކީ އާދައިގެ ޖިންނިއެއް ނޫނޭ…….އަހަންނަކީ ރަސްއާއިލާއެއްގެ ފިރިހެންދަރިއެއް، އެމީހުންގެ ވެރިއަކީ އަހަރެންގެ ބައްޕަ……….” މީކާޢިލް ކިޔާދިނެވެ. މިޝަލްއަށް ހަދާންވީދެނެވެ. މީގެ ކުރިން އޭނަގެ ގާތަށް މީކާޢިލް ފުރަތަމަ އަންނަންފެށި ދުވަސްކޮޅުގައި އެވާހަކަ މީކާޢިލްވަނީ ބުނެފައެވެ. އޭނަ މިޝަލްއަށް އެއްވެސް ކަމެއް އޮޅުވައެއްނުލައެވެ.
“ކޮބާ މީކާޢިލްގެ ބައްޕަ؟ އަދިވެސް އަހަރެންދެކެ ރުޅިއައިސްފަތަ ހުންނަނީ….” މިޝަލް ދެރަވެލާފައި އަހާލިއެވެ.
“ބައްޕަ……ބައްޕަ ވަރަށް އެހީވި މިޝަލްއަށް، މިޝަލްގެ ވިހެއުންވެސް އެހާފަސޭހަވެ އެއްވެސް ގޮތަކަށް ތަދުނުވަނީވެސް މަންމަ އާއި ބައްޕަގެ ސަބަބުން…….މަންމަހުރީ ވަރަށް އުފަލުން، މިޝަލްދެކެ ވަރަށް ލޯބިވޭ….ވީއިރު ބައްޕަ ކާފަދަރިފުޅު ދެކިލަން ނައިހެއް ނުހުންނާނެ……..” މީކާޢިލް ކުރިއަށްވުރެ ބޮޑަށް ހިނިތުންވެލަމުން ބުނެލިއެވެ. އަދި މިޝަލްނަގާ އަތްދަނޑިމައްޗަށް އުފުލާލިއެވެ.
މެންދުރުވީއިރު ގޭތެރޭގައި އަލައިނާއާއިއެކު މަލަކާވެސް އުޅެއެވެ. އެތުއްތު ކުއްޖާ މިޝަލްގެ އަތުގައި ޖެހެނީވެސް ބަނޑުހައިވެގެން ރޯންފެށީމައެވެ. ދަރިފުޅު ފެންވަރުވާ ހަދާދިނީ މަލަކާއެވެ. މިޝަލްއަށް އެއްވެސް ކަމެއް ކުރާކަށް ނުޖެހެއެވެ. އަލައިނާގެ ކަމަކީ މިޝަލްގެ ކޮމްޕިއުޓަރުން އަންހެން ކުއްޖަކަށް ކިޔާނެފަދަ ނަމެއް ހޯދުމެވެ. އޭރު މިޝަލްގެ ހިތުގައިވެސް ދަރިފުޅަށް ކިޔާނެ ނަމަކާއިދޭތެރޭ އޮތީ ސުވާލު އުފެދިފައެވެ. ސާޝާއަށް މިޝަލްގެ ދަރިފުޅު ފެނުމުން ވަރަށް ހައިރާންވިއެވެ. އެންމެންނެކޭވެސް އެއްގޮތަށެވެ. ސަބަބަކަށްވީ ދަރިފުޅުގެ ލޮލުގައިވާ ކަޅީގެ ފެހިކަމުންނެވެ. ދެން ބުރަކަށީގައި ލޯލިގިނަވެފައިވާ ދެލަފެވެ.
“މީ ޝެބީގެ ލޮލެއްނޫން……..އަނެއްކާ ދަރިފުޅުގެ……” ހަފްސާ ނެފީބަދަލު ކޮށްދެމުން އަހާލިއެވެ. އޭރު މަލަކާއާއި އަލައިނާވެސް ކޮޓަރީގައި އުޅެއެވެ. މިޝަލްއަށް ހަފްސާ ސުވާލު އެކުރަނީ ކާކާ ބެހޭގޮތުންކަން އެނގުނެވެ. އެންމެންގެ މޫނަށް ބަލާލަމުން އާއެކޭ ބުނެލީ ލަދުވެތިގޮތަކަށެވެ.
“ޝެބީ…..އަސްލު ބުނެބަލަ، މީކާޢިލް ހުންނަނީ ކިހިނެއްތައް، ވަރަށް ރީތިތައް……….މިކުއްޖާވެސް ވަރަށް ލޯބި، ހީވަނީ ވަރަށް ރީތި މީހެއްހެން އެއީ…….” މަލަކާ އާއި ހަފްސާ ނުކުތުމުން އަލައިނާ އަވަހަށް ވަގުތުގެ ބޭނުންހިފާލުމުގެ ގޮތުން އޭނަގެ ސިކުނޑީގައިވާ ސުވާލު ހާމަކޮށްލިއެވެ. އޭނަގެ މަޤްސަދަކީ މީކާޢިލް އާއިބެހޭގޮތުން ކޮންމެވެސް އެއްޗެއް އޮޅުންފިލުވުމެވެ.
މިޝަލް ފުންނޭވާއަކާއިއެކު ވާހަކަދައްކަންފެށިއެވެ.”ހޫމް……..މީކާޢިލްއަކީ ވަރަށް ވަރަށް ރީތި މީހެއް، މިހެންބުންޏަސް އޭނަގެ ފިރިހެންވަންތަ ކަމަކީ އެފަދަ ދެވަނައެއްނުވާފަދަ ފިރިހެންވަންތަ ކަމެއް، އަޑުގައި ހުންނަ މަޑުމައިތިރިކަން، އެޖާދުވީ އަޑުއިވޭ ކޮންމެ ފަހަރަކު ހީވަނީ ކަންފަތްކައިރީ ރީތި މިއުޒިކެއް ކުޅެލާހެން، ކޮންމެ އެއްޗެއް ބުނިކަމުގައިވިޔަސް އަހަރެންގެ ހިތް ލޯބިން ފުރިގެންދޭ، އެހާ އޯގާތެރި، އާން! މިދަރިފުޅަށް ލިބިފައިއެވަނީ އޭނަގެ ބައްޕަގެ ދެލޯ، އެއްވެސް ތަފާތެއްނެތް….ލީން، އަހަރެން ދުވަހަކުވެސް އެފަދަ ފުރިހަމަ ފިރިހެނެއް ނުދެކެން، ހުވަފެނުންވެސް……..ހޭލާ ހުއްޓަވެސް……..އިންތިހާއަށް އަހަރެން އޭނަދެކެ ލޯބިވޭ…..އަބަދުވެސް ލޯބިވާނަން……..” މިޝަލް ދަރިފުޅަށް ބަލަންއިނދެ ބުނެލިއެވެ.
“ހެހެހެހެ………މިސްޓަރ ޕާފެކްޓު ދޯ، އެނގެއޭ ޝެބީ ތިހިރީ މިކާޢިލް އާއިހެދި މޮޔަވެފައިކަން، އޭނަ ހަމަރަގަޅަށްވެސް މިޝަލްތިހިރީ މޮޔަކޮއްލާފަ، މިސްޓަރ ޕާފެކްޓު މިހާރުކޮބާ ބާއޭ ހިތައްއަރާ” އަލައިނާ އޭނާގެ ބަނދިވަރު ކިޔައިގަތެވެ.
“ލީން، އޭނަ އަހަރެން މޮޔައެއް ނުކުރޭ، ދުވަހަކުވެސް ނުކުރާނެ، ލީން ތިކަހަލަ އެއްޗެހި ނުބުނެބަލަ…..” މިޝަލްގެ ހިތައް ބައެއްފަހަރު އަލައިނާ ބުނާޖުމްލަތަކުން ތަދުވެއެވެ. ހަގީގަތް އަލައިނާއަށް އެނގޭނަމަ އެހެންނުބުނާނެކަންވެސް މިޝަލްއަށް އެނގެއެވެ. އެކަމަކު އަދި އެހާ ހިތްވަރެއް ނެތެވެ.
“ދެން ލީންގެ ވެޑިން މިހާރު ކޮބާތަ؟ އެކަމާ ނުވެސް އުޅެއޭ މީނަ” މިޝަލް މަޢުލޫބަދަލުކޮއްލިއެވެ.
“ރެހާން އެކަމާ އުޅެނީ، މިރޭ އޭނަ އާއި މީޓުކުރަންވެސް އެބަޖެހޭ…އިނގޭތަ ވެޑިން ޑްރެސްގެ ކުލަ ޗޫސްކުރަންޝޯ……….ބަފާބެއަކީ ސުޕާކޫލް މީހެއް، މަށަށް ގުޅާލާނެ މިހާރުވެސް ހާލުބަލާލަން………” އަލައިނާ ފޮނިގޮތަކަށް ކައިވެނި ޕާޓީގެ ވާހަކަތައް ކިޔާދޭންފެށިއެވެ.
“ކަލޯ ކައިވެންޏަކާ ދޭތެރޭވެސް ނުވިސްނަމުތަ؟ މުޅިއުމުރު ތިގޮތުގަތަ ވޭތުކޮއްލާނީ” ކައިނިމިގެން ދުފަން ސޯފާގައި އިން މަނިކު އަހާލިއެވެ.
“މަނިކުބޭ، ކައިވެންޏެއް ކުރަންވެސް ހިތުލީން، އެކަމަކު މަނިކުބޭމެންގެ އިރުގައިހެން ގޭދޮރުމަތިން ދެފަހަރަކު ކުރިކަނޑާލާ އިރަށް އަންހެން ކުދިން ސެޓުވިޔަސް މިހާރަކު އެގޮތަކަށް ނުވެޔޭ……….” ޖާވިދުވެސް ކައިނިމިގެން ދުފާލަން މަނިކުގެ ގާތު ސޯފާގައި އިށިންނަމުން ބުނެލިއެވެ.
“އެހެންވީރު ތިހިރީ ހުސްކޮއްތާ ދޯ………..” މަނިކު އަނގަފުރާ ފޯއް އަޅައި ރަތްކޮއްގެން އިނދެ ބުނެލިއެވެ.
“ދެން ހުސްތާ ވާނީ، ހިތުލައިގެން އުޅޭ މަންޖެއްވެސް ގަޔާވާހެން ހީވެފައި، ނޭގެ ވީގޮތެއްވެސް ކުއްލިއަކަށް ދުރަށް ހިނގައްޖެ………….މަސައްކަތްވެސް އެބަކުރެވޭ……………..” ޖާވިދު ނާއުއްމީދުވެފައިވާ ހާލުގައި ބުނެލިއެވެ.
“ހާދަ ދެރަގޮތެކޭ ދޯ ތިދިމާވީ، ކަލޯ ބޭނުއްމިއްޔާ މަނިކުބެ ބަލާލަންތައް ތިވަނީ ކިހިނެއްތޯ……..” މަނިކު ޖާވިދުގެ ފައިގައި ޖަހާލަމުން ބުނެލިއެވެ.
މާމަ ދަރިފުޅަށް ބޭނުންވާނެ އެއްޗެހި ގަތުމަށް ހަފްސާ މަލަކާއާއި ގޭގައި ގެންގުޅޭ އަބޭ ގޮވައިގެން ދިޔައީ މާލެއަށެވެ. އޭރު ރޭގަނޑު އަށެއް ޖަހައިފިއެވެ. މިޝަލް ވިހަންވިއިރު އެއްވެސް އެއްޗެއް ހޯދިފަކާއިނެތެވެ. މިޝަލްވެސް ދަރިފުޅަށް ބާޒާރުކުރުމަށް ދާހިތްވިއެވެ. ނަމަވެސް ހަފްސާ އެކަމާއި އެއްވެސް ވަރަކަށް ހިތްހަމައެއް ނުޖެހެވެ. ހަފްސާވެސް މަލަކާވެސް މިޝަލްގެއަށް ގެނައިފަހުން އޮށޯވެގެން ނޯންނާތީ ވަރަށް ކަންބޮޑުވެއެވެ. އަބަދުވެސް މިޝަލްގެ ގާތުގައި ބުނަމުންދަނީ އަރާމުކުރުމަށެވެ. ހެލެފެލިވެ ނޫޅުމަށެވެ.
ގޭތެރޭގައި މިޝަލް އެކަންޏެއްނުވިއެވެ. ބަލްޤިސްގެ ވާހަކަތަކުން މިޝަލް ފޫހިފިލިއެވެ. މީކާޢިލްގެ ލޯބި ފިރުމުންތައް ލިބެމުންދިޔައެވެ. ދޭތެރެއަކުން ސާޝާ އައިސް ކޮޓަރިއަށް ބޯދިއްކޮއްލައެވެ. ކުއްޖާއަށް ބަލާލާނެއެވެ. ނުވެސް ރޯކުއްޖެއްދޯ އޭ ބުނެލާނެއެވެ. އެއީ ތެދެކެވެ. މިޝަލް ވިހޭ ވަގުތު ދަރިފުޅު ރޯލިއަޑުއިވުނެވެ. އެނޫނީ ބަނޑުހައިވެގެން ނޫންގޮތަކަށް އެކުއްޖާ ނުރޮއެވެ. މީކާޢިލްގެ އަތުގެ ތެރޭއޮތް މިޝަލްއަށް ނިދުނީ ކޮންއިރަކު ކަމެއް ނޭގެއެވެ.
ފަހަރަކު ފިހާރައަކަށް ވަންނަމުން ދިޔަ ހަފްސާ އާއި މަލަކާއަށް ކަމުދާކަހަލަގެ ކުޑައެނދެއް ނުފެނުނެވެ. އެހެންނަމަވެސް އޭރުވެސް އަތުގައި އޮތް ކޮތަޅު ބޮނޑިތަކެއް މަދެއްނޫނެވެ. ކުދިކުދި ހެދުންކޮޅުތަކާއި މިޝަލްއަށް ބޭނުންވާނޭފަދަ ތަކެއްޗެވެ. އަދި ނުވިތާކަށް ދާމަގުމަތީ ފިހާރައަކުން އެދެމީހުންނަށް ކަމުދާކަހަލަ އެއްޗެއް ފެނުނަސް އެވެސް ގަނެއެވެ.
އެގާރަ ޖަހަން އުޅެނިކޮށް ވަދެވުނު ފިހާރައަކުން ހަފްސާ ބޭނުންވިފަދަ ކުޑައެނދެއް ލިބުނެވެ. އެހެންވެ އަވަހަށް ވަގުތުން އޭތި ގަތެވެ. އަގަކަށް ބެލުމެއްނެތެވެ. ފައިސާ ދައްކާފައި ފިހާރައިން ނުކުމެވުނުއިރު އެގާރަޖަހައިފިއެވެ. އަވަހަށް ބެލީ ފެރީ ޓާރމިނަލްއަށް ދެވޭތޯއެވެ. އަދި ދިޔަމަގުމަތީ މިޝަލްއަށް ގުޅިއެވެ. ނަމަވެސް ފޯނެއް ނުނަގައެވެ. ހަފްސާ އަވަހަށް ސާޝާއަށް ގުޅިއެވެ. ސާޝާގެ ފަރާތުން ލިބުނު ހަބަރުން ހިތްހަމަޖެހުނެވެ. އެއީ މިޝަލް ނިދިފައި އޮތްވާހަކަ ބުނެލުމުންނެވެ.
“ޝާހިދު، ދެން އަހަރެން ދަނީ ގެއަށް، މިރޭވެސް ތަންކޮޅެއް ކުރިން ގެއަށްވަދެވޭތޯ……….” ޖާވިދު ތެދުވަމުން ބުނެލިއެވެ.
“އޭ އަދި ސިނގިރޭޓެއް ބޯލައިގެނެއް ނޫންތަ ދާނީ…..މިފަހަކަށް އައިސް ހާދަ އަވަހަކާ ކަލޭ ގެއަށް ވަންނަން ބޭނުންވެޔޭދޯ، އަހަރުމެންނަށްވެސް އަންގާލައިގެން ތިކުރާކަމެއް ކޮއްބަލަ…..ދޯ ޝާޑު….” ނައުޝާދު ކައިރީގައި އިން ޝާހިދަށް ދޯ ކިޔާލިއެވެ. އެވަގުތު ޝާހިދުގެ ފޯނު ރިންގުވިއެވެ.
“ހެލޯ……އޭކޮބާ، ޖާވިދުވެސް އެބައިނޭ…..އަވަސް ކުރޭ އެހެން ނޫނީ އޭނަ ކަނޑާލަފާނެ، މިހާރުވެސް ނުދެވިގެން ލަސްވެފަ…….ހޫ………މިތިބީ ކުރިންވެސް ތިބޭ ތަނުގަ، ސީ ހައުސްގަ………އަވަސްކުރާތި” ޝާހިދު ފޯނުބޭއްވިއެވެ.
“ކާކު……..ނިހާންތަ” ނައުޝާދު އަހާލިއެވެ. އޭރު ނިހާން ވަދެގެން އެހެރައަންނަނީއެވެ.
“މަށެއް ކަމެއް ނުކުރަމޭ، ކަލޭމެންގެ ވިސްނުންވެސް ދޯ……….މިއުޅެނީ މިދުވަސްކޮޅު ގޭގައި ބެއްޔާއެއް ހުރެގެން……….،އެއްކަލަ ތަންކޮޅެއް ކުރިންވެސް އަޔެއްނު މަނިކުބެއެއް……..” ޖާވިދު އޭނަގެ ރައްޓެހިންނަށް އެނގޭނޭފަދަ ގޮތަކަށް ބުނެލިއެވެ.
“ހޫ…..ހޫ……މީނދަ ނިހާނު ޖެއްސި މަންޖެއް ސެޓުކޮއްދިން މަނިކުބެދޯ…….އޭ، ތިހެން ވީރު ތިވީ މާރަނގަޅަކައްނު، މަނިކުބެ ކައިރިއަށް ޖައްސާލަންވާނެ…..” ނައުޝާދު ހަނދާންކޮއްލުމަށްފަހު ބުނެލިއެވެ.
ހުޅުމާލެ ފެރީޓާރމިނަލްގެ ސައިކަލުތައް ވައްދާ ފަރާތަށް ދިއުމަށް ހިނގައިގަތް ހަފްސާގެ އަތުގައި ފަހަތުން މީހަކު ހިފުމުން ސިއްސައިގެން ދިޔައެވެ. އަވަހަށް ކާކުތޯ ބަލާލެވުނެވެ.
ހަފްސާގެ ކުރިމަތީހުރި މީހާ ފެނުމުން އޭނަގެ އަތްފައިފިނިވާގޮތްވިއެވެ. އަދި ހާސްކަމާއިއެކު އެމީހާގެ އަތުގެތެރޭން ހަފްސާގެ އަތްދަމައިގަތެވެ. ކައިރީގައި ހުރި މަލަކާއަށް މިމަންޒަރު ފެނުނެވެ. އޭނައަށްވެސް ކޮންމެ ކޮންމެ ފިރިހެނަކަށް ހަފްސާގެ އަތުގައި ހިފާކަށް ނުކެރޭނެކަން އެނގެއެވެ. މީގެކުރިން ފެނިފައިނުވިނަމަވެސް އޭނަގެ ކުރިމަތީ ހިނިއައިސްފައި ހުރި ފިރިހެނަކީ ހަފްސާ އާއި ވަރަށް ގާތް މީހެއްކަމުގައި މަލަކާ ގަބޫލުކުރިއެވެ.
“ޖާވިދު……….” ހަފްސާއަށް ބުނެލެވުނެވެ. އަދި ވަށައިގެން ހޯދާލެވުނެވެ. ކައިރީގައި ބަޔަކު ބަލަންތިބިތޯއެވެ.
“ހަފީ މާލޭގަ……….މިގަޑީގަ……..ޝޮޕިންދޯ……………” ހަފްސާގެ ލޯއަޅާލުމާއިއެކު ދަމައިގަތް އަތުން ދޫކޮއްލި ޖާވިދު ހަފްސާގެ އަތުގައި ހުރި ކޮތަޅުތަކަށް ބަލާލިއެވެ.
“ކާކު ވިހަންވާއިރަށް ތިޝޮޕިންކޮއްލަނީ………” ޖާވިދު ހަފްސާގެ އަތުގައި ހުރި ސާމާނުތަކަށް ނަޒަރު ހިންގާލިއެވެ. އެކޮތަޅުތަކުގެ ބޭރުން ފެންނަންހުރި ގިނަ ސާމާނަކީ ކުޑަކުދިންގެ އެއްޗެއްސެވެ.
“މީ….މީ….ގިފްޓަކަށް…….ރައްޓެއްސަކަށް………ދެން ދަނީ ފެރީ ނައްޓާލަފާނެ” ހަފްސާ އަވަހަށް ހިނގައިގަތެވެ. ކައިރީގައި ހުރި މަލަކާވެސް ހަފްސާއާއިއެކު ހިނގައިގަތެވެ.
“އަހަރެން އެހީތެރިވެދެންތަ؟” ޖާވިދު އަހާލިއެވެ. އޭނަ ހުރީ އެތަކެއް ދުވަހަކަށްފަހު ހަފްސާ އެހާގާތުން ފެނުމުން ވަރަށް އުފާވެފައެވެ. އެހާއަވަހަށް ހަފްސާ އާއި ދުރަށް ދާކަށް އޭނަ ބޭނުމެއްނޫނެވެ. އޭނަ ބޭނުންވަނީ މިވަގުތުވެސް ހަފްސާގެ ފަހަތުން އެގެއަށް އޭނަގެ ގާތަށް ދާށެވެ.
“ނޫން……..ނޫން……އަބޭ އެބައުޅޭ، އޭނައަށް އެއްޗެހިތައް ގެންދެވޭނެ………ދަނީ އިނގޭ” ހަފްސާ އަވަސް އަވަހަށް ބުނެލިއެވެ. އަދި ހަލުވި ކަމާޢިއެކު ޖާވިދަށް ބަލާލުމެއްނެތި ހިނގައިގަތެވެ.
ހުޅުމާލެއަށް ދިއުމަށް ނައްޓާލި ފެރީގެ ހުޅުވާލެވިފައިވާ ކުޑަދޮރެއްގެ ކައިރީ އިށީނދެލައިގެން އިން ހަފްސާގެ ސިކުނޑިވަނީ ހާސްވެފައެވެ. މަޑުމަޑުން ކުޑަދޮރުން ވަންނަމުންދިޔަ ފިނިރޯޅީގައިވަނީ ލޮނުތެތްކަމެކެވެ. ނަމަވެސް އެވައިރޯޅިތަކުން ލޯމަރާލައިގެން މާސިންގާ ކަނޑާދިމާލަށް އެނބުރިއިން ހަފްސާއަށް ކޮންމެވެސް ލުޔެއްލިބޭކަހަލައެވެ.
“ހަފްސާ………” މަލަކާ ގޮވާލިއަޑުއިވުނެވެ. އެކަމަކު ހަފްސާ އެއިންގޮތައް އިނީއެވެ. އަނެއްކާވެސް މަލަކާ ގޮވާލިއެވެ. މިފަހަރު ހަފްސާ ލޯހުޅުވާލަމުން މަލަކާ އާއިދިމާލަށް އެނބުރިބަލާލިއެވެ.
“އަހަރެން ވާހަކައެއް އަހަންނަތަ؟” މަލަކާ ބުނެލިއެވެ.
“ޖާވިދުގެ ވާހަކަ ދޯ…..” ހަފްސާ ޔަގީންކަމާއިއެކު ބުނެލިއެވެ.
“އަނެއްކާ ހަފްސާ އެވާހަކަ ދައްކަންބޭނުން ނުވަންޏާ އަހަރެން އެއްވެސް ސުވާލެއް ކުރާކަށް ބޭނުމެއްނޫން” މަލަކާއަށް ބުނެލެވުނެވެ. އޭނަ ހަފްސާގެ އަމިއްލަ ކަންތައްތަކުގެ ތެރެއަށް ވަންނާކަށް ބޭނުމެއްނުވެއެވެ. އެހެންނަމަވެސް ގާތްރަޙްމަތްތެރި ކަމުގެ ގުޅުމުގެ ތެރެއިން އެސުވާލުތައްވެސް މަލަކާގެ ސިކުނޑީގައި އުފެދުނީއެވެ.
މަލަކާގެ އަވަސް ޖުމްލަ އަޑުއިވުމުން ހަފްސާގެ ތުންފަތަށް ފަނޑު ހިނިތުންވުމެއް ވެރިވެގެންދިޔައެވެ.
“އެއީ ޖާވިދު، ޝެބީގެ ބައްޕަގެ ރަހްމަތްތެރިއެއް، ޝެބީގެ ބައްޕަ ނިޔާވިފަހުން ޖާވިދު އަހަރުމެން ގެއަކަށް ވަދެއެއް ނުހަދާ…….އޭގެފަހުން އޭނައަށް ނުކެރެނީ އަންނަންވެސް، އަހަރެންވެސް ނުބުނާތިވެގެންނާއިއެކު……..އެކަމަކު އެއީ ވަރަށް ރަނގަޅު މީހެއް، އަހަންނަށް ވިޔަފާރީގަވެސް އެހެނިހެން ގޮތްގޮތުންވެސް ވަރަށް އެހީތެރިކަން ފޯރުކޮއްދޭ، ޝެބީގެ ބައްޕަ ނިޔާވިތާ އެތަކެއް އަހަރުތަކެއް ވޭތުވެގެންދިޔައިރުވެސް އަހަރެންގެ ހިތަށް މިހާރުމިވާ ކަހަލަގެ އެއްވެސް ކަމެއްނުވޭ، ޖާވިދުގެ އޯގާތެރިކަމާއި އޭނަގެ އެހުންނަށް މިޒާޖުވީ އަހަރެންގެ ހިތަށް މިކުރެވޭ އިޙްސާސްތަކުގެ ފެށުމަކަށް……މަލަކާ، މިނޫނީ އަހަރެން މިފަދަވާހަކައެއް އެއްވެސް މީހެއް ކައިރީ ނުދައްކަން، ބުނަންތަ، ޝެބީ އާއި ޖާވިދުގެ ގުޅުން އަހަންނަށް އެންމެ ފުރަތަމަ ޖާވިދު އަހަރުމެންގެއަށް ގެނައިދުވަހުވެސް ފާހަގަ ކުރެވުނު، އެވަގުތު ޝެބީވެސް އޭނަގެ ބައްޕަގެ މަގާމު ޖާވިދަށް ދީފާނެއޭ ހިތަށްއެރީ ކީއްވެކަމެއްނޭގުނު…..ޖާވިދު އެދެމުންދަނީ އޭނަ އާއިގުޅުމަށް، އެކަމަކު…އެކަމަކު……އޭނައަށް ޝެބީގެ ކަންތައްތައް އެނގިއްޖެނަމަ….މަލަކާ، އަހަރެން ޖާވިދު ދުރުކުރަން ވަރަށް މަސައްކަތް ކުރަން……….ދެން އަހަރެން ހަދަންވީ ކިހިނެއްތައް؟ ބުނެބަލަ އެކުވެރިޔާ” ހަފްސާގެ ހިތާ ސިކުނޑިއަށް ކޮންމެވެސް ވަރެއްގެ ލުޔެއްލިބިއްޖެއެވެ. މަލަކާ އާއި އެހިތުގެ ރިހުންތައް ހިއްސާކޮށްލެވުނީމައެވެ.
“އަހަންނަށް ފެންނަނީ ޖާވިދުގާތު ހުރިހާ ވާހަކައެއް ކިޔާދޭން…….” މަލަކާ ބުނެލިއެވެ.
“އަހަރެން ހިތައް އެރި ޖަވާބު މަލަކާ ތިދިނީ، އެކަމަކު ތީ ކުރަން އެހާ ފަސޭހަވެސް ކަމެއް ނޫން. އަހަރެން ތިހާ ހިތްވަރުގަދައެއްނޫން………ޖާވިދުއާއި ކުރިމަތިލާކަށް ނުކެރޭނެ” ހަފްސާ ބުނެލިއެވެ.
“ހަފްސާ، ވިސްނާލަބަލަ، ތިގޮތަށް އެކަނިވެރި ދިރިއުޅުމެއް މިހާރު އުޅެއްވިއްޖެ އެއްނު، ޖާވިދު ކަހަލަ ހަރުދަނާ ރަގަޅު މީހެއް ތިދެމައިންނަށްވެސް މިހާރު ބޭނުން، މިޝަލްއަށް ހަފްސާގެ އެހީތެރިކަން ވަރަށް މުހިއްމު، އެގޮތުން ހަފްސާއަށްވެސް އޯގާތެރި ފިރިއެއްގެ އެހީ ބޭނުން………ހާއްސަކޮށް އެފަދަ ފިރިހެނެއް އެކަމަށް އެދެމުން ދަނިކޮށް ފުރަގަސް ދޭންވީ ކީއްކުރަން. މިއޮއް ހުރިހާ ދުވަހު އެކަނިމާއެކަނި ގޭތެރޭގެ ހުރިހާ ކަމެއް ބަލަހައްޓަމުންތިއައީ، އަހަރެން ނުބުނާނަން ހަފްސާއަކީ ހިތްވަރުދެރަ މީހެކޭ، ވީމާ ހިތްވަރުކޮށްފައި ނިކަން ޖާވިދަށް ކިޔާދީބަލަ” މަލަކާ ބުނެލިއެވެ.
ހަފްސާއަށް މަލަކާގެ ހިޔާލު ގޯހެއްނުވިއެވެ. އެކަމަކުވެސް އަދިވެސް އޭނަ ވިސްނަން ވަގުތު ބޭނުމެވެ. ހިޔާލުތަކަށް ގެއްލެމުންދިޔަ ހަފްސާ އާއި އަނެއްކާވެސް ވާހަކަދައްކަންފެށީ މަލަކާއެވެ. މިފަހަރު އަލައިނާގެ ކައިވެނީގެ ވާހަކައެވެ. މަލަކާއާއިއެކު ޕާޓީގައި ހަފްސާވެސް ހުރެދިނުމަށްއެދޭ ވާހަކައެވެ. ދިރިއުޅުމައިގެން މިހާތަނަށް އައި އިރުވެސް މަލަކާގެވެސް ހަފްސާވަރުގެ ގާތް ރަޙްމަތްތެރިއެއް ނެތްވާހަކައެވެ.
ވަރުބަލިކަމެއް އިޙްސާސް ކުރެވިފައިވިނަމަވެސް ހެދުނު ހެދުނާ މިޝަލްތެދުވިއެވެ. ރޭގައި އޭނައަށް މާއަވަހަށް ނިދުނީއެވެ. ހަފްސާ ގަނެގެން އައި އެއްޗެހި ބެލުމުގެ ޝައުގުވެރިކަމުގައި އޮއްވައެވެ. އާދައިގެ މަތިން އެމޫނު އުޖާލާކުރުވަނިވި ހިނިތުންވުން ވެރިކުރުވީ ދަރިފުޅު އުރާލައިގެން ދެކޮޅަށް ހިނގާލަ ހިނގާލަ ހުރި މީކާޢިލް ފެނުމުންނެވެ. މިޝަލް ހިތްހަމަޖެހުމުގެ ފުންނޭވާއެއްލިއެވެ. އަދި ފާހާނާއަށް ވަނީ ތާޒާވެލުމަށެވެ.
ސާޝާ ހެދުނުގެ ނާސްތާ ތައްޔާރުކުރެވޭ އިރަށް ދުވެފައި ކަހަލަ ގޮތަކަށް އައީ އަވަހަށް މިޝަލްއަށް ގޮވުމަށެވެ. މިޝަލްވެސް ހުރީ އޭރު ވަރަށް ބަނޑުހައިވެފައެވެ. ދަރިފުޅު ހޭލާ އޮތްކަމުގައިވިޔަސް އެތުއްތު ކުއްޖާ ނުއެއްރޮއެވެ. އޭނަގެ ދާދިގާތުގައި އޭނަގެ ބައްޕަ އެބަހުއްޓެވެ. އެހެންވެ ދަރިފުޅު ބާއްވާފައި ކޮޓަރިން ނުކުންނަން ހިނގައިގަތެވެ. އެހެނީ އެބޮޑު އެނދުގައި ދަރިފުޅުއެކަނި އޮތްކަމުގައިވިޔަސް އެދަރިފުޅަށް އެއްވެސް ގެއްލުމެއް ނުލިބޭނެކަން މިޝަލްއަށް ޔަގީންވާތީއެވެ.
“ޝެބީ، ބޭބީ އިސް އަވޭކް…..ގެންދަނީނު ކާތަނަށް” ސާޝާ ބުނެލިއެވެ.
“އޯކޭ ވާނެ، ޝީ އިސް ނޮޓް ކްރައިން” މިޝަލް އަނެއްކާވެސް ހިނގައިގަތީ ދޮރާދިމާލަށެވެ.
“އިފް ޝީ ކްރައިސް، އަހަރެން ބަލަނީ، ޝެބީ ސައިބޯ ގަޑީގަ” ސާޝާ އަނެއްކާވެސް ބުނެލިއެވެ.
މިޝަލް އަށް ސާޝާ އެއުޅެނީ އެކުއްޖާ އުރާލާހިތުންކަން އެނގުނެއެވެ. އެހެންވެ ދަރިފުޅު ގޮވައިގެން ސައިބޯން ނިކުތީއެވެ. އަދި މޭޒު ކައިރީ އިށިންނަމުން ސާޝާގެ އަތަށް ދަރިފުޅު ދިނެވެ. އޭނަ އުފަލުން އެކުއްޖާ އަވަހަށް އުރާލިއެވެ. ހަފްސާވެސް ސައިބޯން ނުކުތީ އެވަގުތުއެވެ.
ކާމޭޒު ކައިރީ ސައިބޯން ތިބިއިރު ހަފްސާ އޭނަ ރޭގައި ގަތީ ކޮންއެއްޗިއްސެއްތޯ މިޝަލް ސުވާލުކުރިއެވެ. ހަފްސާވެސް މިޝަލްއަށް އޭނަ ގަތީ ކޯޗެއްކަން ކިޔާދެމުން ދިޔައެވެ. އަދި މާމަދަރިފުޅަށް ކިޔާނެ ނަމެއް މިހާރު ހޯދައިފިންތޯ އެހިއެވެ. މިޝަލް އޭނައަށް ކަމުދިޔަ ދެތިންނަމެއް ހަފްސާގާތު ބުނެލިއެވެ. ހަފްސާ އާއި މިޝަލް ކާމޭޒު ދޮށުގައި އެކަކު އަނެކަކާއި ވާހަކަދެއްކުމުގައި މީގެ ކުރިން ހޭދަނުކުރާހާ ގިނަވަގުތު ހޭދަކުރިއެވެ. އެމީހުންންގެ ވާހަކަތައް މެދުކެނޑުނީ ދޮރުން ވަދެގެން އައި އަލައިނާ ފެނިފައެވެ.
“ހާއި….ހާދަ އަވިގަދައޭ ދޯ” އަލައިނާ ލޮލުގައި އަޅާލާފައި އިން އަވިއައިނު ނަގަމުން ބުނެލިއެވެ. އޭނަގެ ކޮނޑުގައި ތަންކޮޅެއް ބޮޑު ދަބަހެއް އަޅުވާލައިފައި ވެއެވެ. މިކަމާ މިޝަލް ހައިރާންވިއެވެ. އަނެއްކާ އަލައިނާގެ ސްޓައިލުވެސް ބަދަލުކުރަނީބާއޭ ހިތަށް އެރިއެވެ. އެހެނީ އަލައިނާއަކީ ދަބަހެއްވެއްޖެއާ ވީހާވެސް ކުޑަދަބަހެއް އަބަދުވެސް ހިޔާރުކުރާ ކުއްޖެކެވެ.
“ތިއޯ..” މިޝަލް އަލައިނާގެ ދަބަހަށް އިޝާރާތްކުރަމުން ބުނެލިއެވެ.
“އޯ، ވަރުބަލި ވެއްޖެ….ޝެބީއަށް ކަމެއް ހަވާލުކުރަންވެގެން މިއައީ، ދެން މަޑުކުރޭ ވަރަށް ފިނި ފެންފޮދެއް ބޯލައިގެން އިތުރަށް ވާހަކަދެއްކޭނީ” އަލައިނާ އައިސްއަލަމާރިއާއި ދިމާލަށް ދިޔައެވެ.
“ލީން…އާދޭ ސައިބޯން، އޭރުން ތިހުރިހާ ކަމެއް ހައްލުވެދާނެ، މިތަނުން ފިނި ޖޫސްތައްޓަކާ އެއްޗެހި ބޯލަބަލަ، ސާޝާ ތިކުއްޖާ އަހަރެންގެ އަތަށް ދީފަ ދޭބަލަ ލީންއަށް ތައްޓަކާއެއްޗެހި ތައްޔާރުކޮއްލަން…..” ހަފްސާ ތެދުވަމުން ބުނެލިއެވެ.
“ތެދެއް ލީން އާދޭ” މިޝަލްވެސް ހަފްސާ އާޢި އެއްބައިވެލިއެވެ.
އަލައިނާ ސޯފާގައި ކޮނޑުގައި އަޅުވާލައިފައިވާ ދަބަސްނަގާ ބޭއްވިއެވެ. އަދި މިޝަލްގެ ގާތަށް ކާމޭޒުކައިރިއަށް ހިނގައިތެވެ.
މެންދުރުގެ ވަގުތު އައިއިރު މަލަކާވެސް ކުރިންދުވަހެކޭ އެއްގޮތަށް މިޝަލްގެ ގާތަށް އެގެއަށް އައިސް އުޅެއެވެ. މަލަކާ އާއި ހަފްސާ އެމީހުން ގަތް ސާމާނުތައް މިޝަލްއަށް ދެއްކުމަށް އެކޮޓަރީގައި ތިއްބެއެވެ. މިޝަލްއަށް އެކަޗަށްވުރެ އަނެކަތި މާރީތިވެއެވެ. އަލައިނާވެސް މިޝަލްގެ ގާތުގައި އެއްޗެއްސަށް ފާޑު ކިއުމުގައި އިނެވެ. މިޝަލް އެންމެ އުފާވީ ހަވީރުވަނިކޮށް އަބޭގެނެސް ވެއްދި ކުޑައެނދު ފެނިފައެވެ. އެ އެނދު ރާވަން ގިނައިރެއްނުނެގިއެވެ. މަޑު ފިޔާތޮށި ކުލައަކާއި ހުދުން ޒީނަތްތެރިކުރުވާފައިވާ އެނދެކެވެ.
ޖާވިދު ފޯނަށް ބަލަހައްޓައިގެން ގޭގެ ބެލްކަނީގައި ހުއްޓެވެ. އަނެއްކާވެސް އެންމެ ފަހުން ގުޅާފައި އިން ނަންބަރަށް ޑައިލްކޮށްލިއެވެ. ފޯނު ރިންގުވާއަޑުއިވެއެވެ. އެކަމަކު މިފަހަރުވެސް ޖާވިދަށް ޖަވާބުދިނީކީ އޭނަގެ ހިތާ ނަފްސު އެއަޑެއް އަޑުއަހަން ބޭނުންވެފަހުރި އަޑަކުންނޫނެވެ. އެއީވެސް އަންހެން އަޑެކެވެ. އެހެނަސް އެއަޑަކީ ދިރާގުގައި މަސައްކަތްކުރާ ކޮންމެވެސް އަންހެން ކުއްޖެއްގެ އަޑެވެ.
“އެކޮއެ ހާދަ ފިކުރުބޮޑުވެފަ ހެން ހީވެއޭ” މަނިކު ބެލްކަންޏަށް ނުކުންނަމުން އަހާލިއެވެ.
“ނޫނޭ، މިހަމަ ހުރީ….ދާންވެސް ވީ ބޭރަށް” ޖާވިދު ކަމާނުވާ ގޮތަކަށް ބުނެލިއެވެ. އަދި އަތުގައި އޮތް ފޯނު ފަޓުލޫނު ޖީބަށްލިއެވެ.
“ދައްކަބަލަ އަތް، މަނިކުބެ ބަލާލާނަން” މަނިކު މިހެން ބުނުމާއެކު ޖާވިދުގެ ކަނާތުގައި ހިފިއެވެ.
“މަނިކުބޭ، ދެން ތިކަހަލަ ކަންތައްތައް ކުރުން ހުއްޓާލާކަށް ނުވޭތަ، ތިފަދަ ކަންތައްތައް ކުރާކަށް ނުވާނެއޭ………..އަހަރެން ބުނީމެއްނު މަނިކުބޭ ގާތު އަހަރެން ބޭނުމެއްނޫނޭ ތިކަހަލަ ކަމެއްކޮށްގެން އެއްވެސް ކަމެއް ހާސިލްކުރާކަށް……” ޖާވިދު ބުނެލިއެވެ.
“މީ އަޅެ ފަހެ އެވަރު ކަމެއްތަ……..އަހަރުން ފަހެ މިއުޅެނީކީ މީހަކަށް ދެރައެއްދޭކަށް ނޫންވިއްޔަ، ކަލޯ އަށްވެސް ރަގަޅަށް ކަމެއް ކޮއްދޭނަމޭ ހިތާ………..ތިޔަހުރީ އިޝްގީ ބަލި ޖެހިފައި ވިއްޔަ……….ދެން ނިކަން ދައްކަބަލަ” މަނިކު ޖާވިދުގެ އަތްތިލަ އަށް ބަލާލަމުން ބުނެލިއެވެ. އޭނަ ވަރަށް ގިނަ ގޮތްގޮތަށް ޖާވިދުގެ އަތްބަލާހެދިއެވެ. އަދި އެންމެ އަތެއްވެސް ނޫނެވެ. ދެއަތްތިލަވެސް މަނިކު ބެލިއެވެ. އަތްތިލާގެ މެދުގައި އިނގިލި ހާކާލަމުން ދެފަހަރަކު ބޯވެސް ހޫރާލިއެވެ.
“ކިހިނެއްވީ މިހާރު……….އަހަރެން ލޭމައްޗަކަށް ނުދޭ، ހަކުރެއް ނުހުރޭ………” ޖާވިދު އެކަންވެސް ހެދީ މަޖަލަކަށެވެ. އެހެނީ ފަންޑިތަވެރިކަމާއި، ފާލުބަލާ އަތްބަލާ ހެދުމަކީ އޭނަ ގަބޫލުކުރާ ކަންތައްތަކެއްނޫނެވެ. އެހެނަސް އޭނަވެސް ގަބޫލުކުރާ އެއްކަންތައް އޮވެއެވެ. އެއީ އިންސާނުންނޫނަސް މިދުނިޔޭގައި އެހެން މަޚްލޫގުންވެސް ލައްވާފައިވާ ކަމެވެ. އެކަމަކަށް އޭނަ ކުޑަކޮށްވެސް ޝައްކެއް ނުކުރެއެވެ.
“ސިޔާސަކަން ދޯ، އެކަމަކު ބުނަން ކަލޯ………ކުރަން ތިއުޅޭކަންތައް ކުރެވޭނެއެކޭ މަނިކުބެ ނުބުނާނަން، އެބައުޅޭ ކުޑަ ކަމެއް………ޖާވިދު، ކަލޯ ހިތާވާ މަންޖެއް ނިކަން މަނިކުބެއަށް ދައްކާލަންވީނު……..” މަނިކު ޖާވިދުއަށް ބަލާލަމުން ބުނެލިއެވެ.
“އެއީ ކީއްކުރަންށޯ، އަނެއްކާ މަނިކުބެ ސެޓު ކުރަންތަ….ހެހެހެހެހެ” ޖާވިދު ހޭންފެށިއެވެ.
“ޖާވިދުގެ މަންޖެއަކާ މަނިކުބެއެއް ނުކުޅޭނެއެއްނު، ނިކަން ތިސަކަރާތް ހުއްޓާލާފަ ބުނެބަލަ، މަނިކުބެއަށް ތިމަންޖެ ގަނޑު ދައްކާލަ ބަލަ…………” މަނިކު މިފަހަރު ބުނީ ވަރަށް ސީރިއަސްކޮށެވެ.
“އަހަރެން ކިހިނެއް މަނިކުބެއަށް އޭނަ ދައްކާނީ، އޭނަ އުޅެނީ ހުޅުމާލޭގަ، އަނެއްކާ މަށަށްއޮތީ އެގެއަށް ނާންނަން ބުނެފަ، ދެން ނޭގެ އަހަރެން ދިޔަޔަސް އޭނަ ނުކުންނާނެ ކަމެއްވެސް” ޖާވިދު ބޮލުގައި އަތްހާކާލަމުން ބުނެލިއެވެ.
އެވަގުތު ގޭތެރެއިން ބެލްޖެހޭ އަޑުއިވުނެވެ. ޖާވިދު އަވަސް ފިޔަވަޅުތަކެއްގައި ގޮސް ދޮރުހުޅުވާލިއެވެ. ދޮރުކުރިމަތީ ތިބީ އޭނަގެ ރައްޓެހިންނެވެ. ނައުޝާދު އާއި، ނިހާނު އާއި ޝާހިދުއެވެ.
“ތީ ކޮންކަމެއް؟ މަ ދާން ވެގެންނޭ މިއުޅެނީ” ޖާވިދު އެމީހުނަށް އެތެރެއަށް އައުމަށް ބުނުމުގެ ކުރިން ބުނެލިއެވެ.
“އަހަރުމެން މިއައީ މަނިކުބޭ ގާތަށޭ، ކުޑަކޮށް އަނގަތަޅާލަން……ދެން ވައްދަންވީނު ދޯ އަހަރުމެން……” އެންމެ ކުރީގައި ހުރި ނައުޝާދު ބުނެލިއެވެ. އެއާއެކު ޖާވިދު އެމީހުންވަނުމަށް ތަންދެއްކިއެވެ. އޭރު މަނިކު ސޯފާގައި އިނެވެ. ދުފާއެއްޗެހި އަޅާފައި ހުރި ތަށި އުނގަށްލައިގެންނެވެ. މަނިކުގެ އަނގަ ދުފާ ރަތްކޮށްފައި ނުހުންނަ އިރެއް ނުދާނެއެވެ. ލާފައި ހުންނަ ފަޓުލޫނުވެސް ގިނަފަހަރަށް ހުންނާނީ މޭކަށިގަނޑާ ހަމައަށް އަރުވާފައެވެ. އޭނަގެ އެންމެ ހައިރާން ކުރުވަނިވި ކަމަކީ އަބަދުވެސް ފަޓުލޫނު ގަންނާނީ އޭނަގެ ސައިޒަށް ވުރެ ބޮޑުކޮށެވެ. އެހެނީ އެފަޓުލޫނު އަބަދުވެސް ހުންނަންވާނީ މުންޑުއެއްޗެހި އަންނަފަދަ ވާފަށަކުން އެވެސް ބަނދެފައެވެ. ބެލްޓަކީ އޭނަ ދަންނަވެސް އެއްޗެއް ނޫންކަންނޭގެއެވެ. ދެން ދިގަށް ރޮގުހުންނަ ގަމީހެއް ލެވުނީމަ އޭނައަށް އެ އެންމެފުދުނީއެވެ. މިހުރިހާ އެއްޗެއްގެ ތެރޭގައި ފޮރުވިފައި އަބަދުވެސް ދެބަޑިއެއް އެވެއެވެ. އެކަތި އޮންނަނީ ކަރުގައެވެ. އަނެކަތި އިންނަނީ ކަނާތުއަތުގެ ހިކަނދިމަސްގަނޑުގައެވެ. މީނާ ބިރުގަންނަނީ ނުވަތަ ޖެހިލުންވަނީ ކޮންކަމަކާ ކަމެއް ނޭގެއެވެ. ޔަގީނުންވެސް އެދެތަވީދަކީ އޭނަގެ ހަށިގަނޑާ ވަކިނުކުރާ ދޭއެއްޗެވެ. އާމުކޮށް ފާހާނާއިން ފެންވަރައިގެން ނުކުންނައިރު އެދެތަވީދަށް ކަޅިއެއް އެއްލާނެއެވެ. ރޭގަނޑުގެ ގިނަވަގުތުގައި ހޭލާ އުޅޭ މަނިކު އެވަގުތު ތަކުގައި ކުރަނީ ކީޢްކަމެއް ނޭގެއެވެ. އަދި ކޮންމެ އަހަރެއްގެ މެދުތެރޭ އޭނަ މާލެއަންނަނީ ކޮންބޭނުމަކުކަމެއްވެސް އެކަކަށްވެސް ނޭގެއެވެ.
އަލައިނާ އާއި މިޝަލް އެކަނިވެލަން ލިބުނު ވަގުތުކޮޅުގައި އަލައިނާ އޭނަގެ ދަބަސް ހުޅުވާލިއެވެ. އަދި ތިންވައްތަރަށް ޑިޒައިންކޮއްފައިވި ތިން ކާޑު އަލައިނާ މިޝަލްއަށް ދައްކާލިއެވެ. އޭގެ އިތުރުން އެދަބަހުން ކުދި ފޮތިކޮޅުތަކެއްނެގިއެވެ.
“ޝެބީ ބުނަންވީ މިތަނުން ކޮން ކާޑެއްކަން އެންމެ ސަޅީ، ދެން އިނގޭތަ މީ ހެދުން ފަހާ ކުލަ…….ސަޅިދޯ” އަލައިނާ ބުނެލިއެވެ. އަދި އޭނަ މިޝަލްގެ ދަރިފުޅަށް ކިއުމަށް ހަތަރު ވަރަކަށް ނަންވެސް ގެނައެވެ. މިޝަލް އޭނައަށް ރީތިވި ކާޑު ދެއްކިއެވެ. އަލައިނާއަށްވެސް ރީތިވީ ހަމަ އެކާރޑެވެ. މިޝަލް އަލައިނާ ދިން ފޮތިކޮޅުގައި އަތްލިއެވެ. އަދި ހިތައްއެރިއެވެ. އޭނަވެސް ބޮޑު ކައިވެނި ޕާޓީ އަކާއި ކައިވެނި ހެދުމެއް ލުމުގެ ހުވަފެން ދެކުނެވެ. އެކަމަކު މިއަދު އެއިން އެއްވެސް ކަމަކާއި ނުލާ އޭނައަކީ މީހެއްގެ އަންބަކަށްވެ ދަރިއެއްގެ މަންމައަކަށްވެސް ވެއްޖެއެވެ. އެހުވަފެން ސީދާ ނުވިކަމުގައި ވިޔަސް އޭނަ މިއަދު އުޅެނީ އުފަލުގައެވެ. އަދި އަލައިނާއަށްޓަކާވެސް އޭނާ އުފާވެއެވެ. އޭނަގެ އެރަޙްމަތްތެރިއާއަށް ހެޔޮގޮތްމެދުވެރިކުރެއްވުމަށް ހިތާހިތުން ދުޢާ ކޮއްލިއެވެ.
މިޝަލްގެ ދަރިފުޅަށް ހަތްދުވަސްވީ ދުވަހަކީ އުފާވެރި ދުވަހެކެވެ. މިޝަލް އާއި މީކާޢިލްއަށް ލިބުނު ދަރިފުޅަށް ނަންކިޔާ ދުވަހެވެ. ގޭގައި މަލަކާ އާއި އަލައިނާވެސް އުޅެއެވެ. ހެދުނު ހައެއް ޖެހިއިރުވެސް ހަފްސާ އުޅެނީ ކަތިލަންވީ ބަކަރި ނައިސްގެންނެވެ. އެންމެންގެ މޫނުމަތިންވެސް ހާސްކަން ފެންނަން ހުއްޓެވެ. މިޝަލްގެ ހާސްކަން އަދި ވަކިންބޮޑެވެ.
“މީހަކު ދޮރުގަ ހުރީ………ބަކަރި ހުންނަނީ……” ސާޝާ އައިސް މިޝަލްގެ ކޮޓަރިއަށް ވަންނަމުން ބުނެލިއެވެ. އެއާއެކު ހަފްސާގެ ފަހަތުން އެހެން މީހުންވެސް ބޭރު ދޮރާދިމާލަށް ހިނގިގަތެވެ.
(ނުނިމޭ)