MEEKAIL [Book 3.2 – Death]

“އައްސަލާމް އަލައިކުމް” ހުދު މުންޑަކާ ބޮލުގައި ހުދު ފޮށައެއް އަޅާފައި ހުރި އުމުރުން ދުވަސްވީ މީހާ ބުނެލިއެވެ.

ހަފްސާ ސަލާމް ބަލައިގަންނަމުން އެބަކަރިއަށް އިންތިޒާރުކުރާތާ ވަރަށް ގިނައިރުވެއްޖެކަމުގައި ބުންޏެވެ. އަދި އެބަކަރީގެ ކަރުގައި ޖަހާފައިވާ ރޯނު ގަނޑުގައި ހިފަހައްޓައިގެން ހުރި އެމީހާއަކީ ކާކުތޯ އެހިއެވެ. މިޝަލްވެސް ސިޓިންގ ރޫމުން ބޭރަށް ބޯދިއްކޮލިއެވެ. އޭރު އެމީހާގެ ވާތްފަރާތުގައި މީކާޢިލް ހުއްޓިލައިގެން ހުއްޓެވެ. އޭނަ އެބަކަރިއާއިދިމާލަށް އިނގިލިދިއްކޮއްލިއެވެ. މިޝަލްއަށް ދައްކާލުމުގެ ގޮތުންނެވެ. މިޝަލްގެ ގާތަށް ހިނިއައެވެ.

“ހާދަ ސިއްހަތު ރަނގަޅު ބަކަރިއެކޭދޯ” އަލައިނާވެސް އޮތީ މިޝަލްގެ ކޮނޑާދިމާލުން ބޯދިއްކޮއްގެންނެވެ.

“މިތާ އައްސާލަދީ……އެކޮޅުން ބުނި ބަކަރިގެނެސްދޭ މީހުން ބަކަރި ކަތިވެސް ލާދޭނަކަމަށް…….އިތުރު މީހަކު އަދި އަންނާނެތަ” ހަފްސާ ބަކަރި އައްސަންވީ ތަންދައްކާލިއެވެ. އަދި ގޭގައި އުޅޭ އަބޭއަށް ގޮވާލަމުން އެބަކިރަށް އެއްޗަކަށް އަޅައިގެން ފެންފޮދެއް ގެނައުމަށް ބުންޏެވެ.

“ބަކަރި ކަތިލާ މީހުން އެބައާދެ، ކޮބާތޯ ނަންކިޔާ ކުއްޖާ” އެމީހާ ބުނެލިއެވެ.

“ވަރަށް ދެރަ ނިދިފައި އޮތީ، އެތެރެއަށް ވަންނަންވީނުންތޯ” ހަފްސާ އަހާލިއެވެ.

އެވަގުތު އެމީހާގެ ގާތުގައި ހުރި މީކާޢިލް އަވަހަށް ދަރިފުޅު ގެނައުމަށް ބުންޏެވެ.

“މަންމާ……އެކުއްޖާ މިހާރު ހޭލައޭ އޮތީ…….އެބޭބެ އެތެރެއަށް ވައްދާ، އަންނާނަން ގޮވައިގެން” މިޝަލްވެސް އަވަސްވެގަތީ މީކާޢިލްގެ ބަހަށް ޢަމަލުކުރުމަށެވެ.

ކޮޓަރިއަށްވަންއިރު ދަރިފުޅު ހީނލަހީނލާ އޮތެވެ. މިޝަލް ދަރިފުޅުނަގާ އުރާލިއެވެ. އަދި ތުންފަތްކައިރިން ވެއްޓެމުންދިޔަ ސޮނިފޮދު ކުޑަރުމާލުން ފޮހެލިއެވެ. މިޝަލް ދަރިފުޅު ގޮވައިގެން ސިޓިން ރޫމަށް ނުކުތްއިރު އެމީހާ އިނީ ސޯފާގައި އިށީދެއެވެ. މިޝަލް ފެނުމާއެކު އޭނަގެ މޫނުމަތިން ހިނިތުންވުން ފެނިގެންދިއެވެ. ދެތުންފަތް ދޭތެރެއިން އޭނަގެ ހުދުހުދު ބޯކިރުތިކިތަކެއްފަދަ ދަތްތައް ފެނިގެންދިޔައެވެ. މުސްކުޅިކަމަށް ދެއްކިކަމުގައި ވިޔަސް އެމޫނުގައި ދަންނަ ވައްތަރެއް މިޝަލްއަށް ޖެހިއެވެ. އެކަމަކު އެކަމަށް މާބޮޑު ސަމާލުކަމެއް ދޭކަށް ބޭނުމެއްނުވިއެވެ. މިޝަލް ދަރިފުޅު އެމީހާއަށް ދައްކާލިއެވެ.

“އުރާލަންތަ…” އެމީހާ އަހާލިއެވެ.

މިޝަލްއަށް ބަލާލެވުނީ އެމީހާގެ ގާތުގައި ހުރި މީކާޢިލްއަށެވެ. މީކާޢިލް އަވަސް އަވަހަށް ބޯޖަހާލިއެވެ. އޭނަގެ މޫނުމައްޗަށް ވެރިވެފައިވާ އުފާވެރި ހިނިތުންވުން މިޝަލްއަށް ކޮންމެވެސް ކަމެއް އަންގަންބޭނުންވާ ކަހަލައެވެ. މިޝަލް ދަރިފުޅު އެމީހާގެ އަތަށް ލާދިނެވެ. އަދި ފާޑަކަށް މީކާޢިލްއަށް ބަލާލިއެވެ. އެއީ އެމީހާ ގެއަށް ވަނީއްސުރެން މީކާޢިލް އޭމީހާގެ ފަހަތުން އުޅޭތީއެވެ. އެއީ އަނެއްކާ ކާކުބާއޭ މިޝަލްގެ ހިތަށްއެރިއެވެ.

“ވަރަށް ފުރިހަމަ….މީހަމަ މިކުއްޖާފުޅަށް އެންމެ އެކަށޭނެ ދެލޯ، މީނަގެ ބައްޕަ ކޮބާތަ؟ ގޭގަ ނޫޅެނީތަ؟” އެމީހާ އެހެން އަހާލުމާއެކު އެންމެންހެން އެކަކު އަނެކަކަށް ބަލާލިއެވެ.

“އެބައުޅޭ، އޭނަ މީހުންގެ ކުރިމައްޗަށް ނުކުމެ ވަރަށް ނުހަދާނެ….” މިޝަލް މީކާޢިލްއަށް އަވަސް ނަޒަރެއް ހިންގާލުމާއެކު ބުނެލިއެވެ. އޭރު މީކާޢިލް ފާޑަކަށް ހިނިގަނޑު އެތެރެއަށް ހިންދާލައިގެން ހުންނަ ކަހަލަ ގޮތަކަށް ހިނިއައިސްފައި ހުއްޓެވެ.

“މިކުއްޖާފުޅު ވައްތަރީ މީނަގެ މަންމައާ…..އާދެބަލަ މިތާ އިށިންނަން” އެމީހާ މިޝަލްއަށް ބުނެލިއެވެ.

މިޝަލް ކުޑަކޮށް ޖެހިލުންވާގޮތްވިއެވެ. ނަމަވެސް އެމީހާގެ ގާތުގައި އިށީނެވެ. އެހިނދު އެތުއްތު ކުއްޖާ މިޝަލްއަށް ދިއްކޮލިއެވެ. މިޝަލް ދަރިފުޅު އުރާލުމާއެކު އެމީހާ މިޝަލްގެ ބޮލުގައި ފިރުމާލިއެވެ.

“އެ ބަކަރި އަހަރެން  މިކުއްޖާފުޅަށް ހަދިޔާކޮއްފިން، އެއީ އަހަރެންގެ ބަކަރިތަކުގެ ތެރެއިންވެސް އެންމެ ރޫފަ ރަނގަޅު އަހަރެން ހާއްސަކަމެއްދޭ ބަކަރިއެއް، އަހަރެން ދެންދަނީ” އެމީހާ ތެދުވަމުން ހަފްސާއަށް ބުނެލިއެވެ. ހަފްސާ ހުރީ ބުނާނެ އެއްޗެއް ނޭގިފައެވެ. އެއީ ކޮންކަހަލަ މީހެއް ބާއޭ ހިތަށްއަރާފައެވެ.

“ދެން މަޑުކޮއްލަންވީނުންތޯ، އެއްޗެއް ކައިލައިގެން ނޫންތޯ ދެން ދާންވާނީ” މަލަކާ ބުނެލިއެވެ. ހަފްސާވެސް އެޖުމްލައިގައި ހިފާލިއެވެ.

“ނޫނޭ……..މިހާރުދެން މިކަމުގައިވެސް މިބައިވެރި ވެވުނީއެއްނު……….ދެން އަހަރެން ގޮސްލަނީ” އެމީހާ ބޭރަށް ނުކުތުމަށް ހިނގައިގަތެވެ. އެމީހާގެ ފަހަތުން މީކާޢިލްވެސް ހިނގައިގަތެވެ. ހަފްސާ އާއި މަލަކާގެ ފަހަތުން މިޝަލްވެސް ނުކުތެވެ. އެމީހާ ގޭގެ ބޮޑު ދޮރުން ނުކުންނަމުން މީކާޢިލް ހުރިދިމާލަށް ބަލާލިއެވެ. އަދި މީކާޢިލްއަށް ބޯޖަހާލިތަން މިޝަލްއަށް ފެނުނެވެ. މިޝަލް ހައިރާންވިއެވެ. އެމީހާއަށް މީކާޢިލް ފެންނަންވީ ކީއްވެހެއްޔެވެ. އަނެއްކާ އެއީ ކާކުބާއެވެ. އެންމެންގެ ކުރިމަތީ އިނދެ ވާހަކަދައްކާފައި އެދިޔައީއެވެ. އެމީހުންގެ ދަރިފުޅުވެސް އޭނަ ދެކެފިއެވެ. އަދި ނުވިތާކަށް އެކުއްޖާގެ ބައްޕަ އާއި ބެހޭގޮތުންވެސް ސުވާލުކޮއްފިއެވެ.

“ދެން ހިނގާބަލަ މަނިކުބެ ގޮވައިގެން………..އަދި ނުދަމޭ ދުވަހަކުވެސް ހުޅުމާލެއަކަށް، ފަހަރެއްގަ ރަގަޅު ގޮތެއްވެސް ވެދާނެއެއްނު” މަނިކު ޖާވިދު އާއިއެކު ހެދުނުގެ ނާސްތާ ކުރަންއިނދެ ބުނަމުންދިޔައެވެ.

“މަނިކުބެ ތިއުޅެނީ ހަމަ އެމަންޖެ ބަލާހިތުންދޯ………..އެހެންނޫނަސް އަރައިގެން އަންނަ އިރާއެކީ ގަދަ ހޫނުގައި ހުޅުމާލެއަށް ކީއްކުރަންތަ ދަނީކީ………” ޖާވިދު ނުދާން ބަހަނާ ދައްކަމުންދިޔައެވެ. އޭނަ ދާހިތް ނުވަނީކީ ނޫނެވެ. އެކަމަކު މަނިކު ގޮވައިގެން ދާން ބޭނުން ނުވަނީއެވެ. ހާއްސަކޮށް ހަފްސާމެންގައެށެވެ.

“ދެން އެތަން ބަލާލަންނު ދާނު، މަނިކުބެ ކަމަކު ކީމަވެސް ކަލޯ ތިއެޅެނީ ރެކިގަންނަ ދޯ” މަނިކު ބުނެލިއެވެ.

“އަހަރެން މަނިކުބެ ނުގެންދާކަށް ނޫނޭ……….އަސަރުން ފައިބައިގެން ދާނީ، އެންމެ ރަގަނޅެއްނު ދޯ” ޖާވިދު އެހެން ގޮތެއްނެތިގެން އެއްބަސްވިއެވެ. މަނިކަކީ ގޮތްދޫނުކުރާ އަނގަގަދަ މީހެކެވެ. ހިފާފި ކަމެއް ބޭނުންވާގޮތަށް ކުރުމަކީ މަނިކުގެ ހުންނަ ސިފައެކެވެ.

“އިސްމާލު ބޭ، ދެން ތިނިމުނީތަ……….” ހަފްސާ އަހާލިއެވެ. އިސްމާލުއަކީ ކުދިންއަށް ނަންކިޔާއިރު އެކުދިންގެ ބޯބާލާހަދާ އުޅޭ މީހެކެވެ. އޭނަ އެގެއަށް ގެނައީ މަލަކާއެވެ. ދުރުގައި މިޝަލް މިމަންޒަރުތައް ބަލަން ހުއްޓެވެ. އިސްމާލު އެތުއްތު ކުއްޖާ ބޯ ކުރަފަތުން ބާލާހެދުމަށްފަހު މަލަކާ ގެނެސްދިން ފެންތައްޓަކުން އެކުއްޖާގެ ބޯދޮއްވާލިއެވެ. އަދި ތުންތަޅުވަންފެށިއެވެ. މިޝަލްހުރީ އެކަމާ ވަރަށް ހާސްވެފައެވެ.

“މަލަކާ މަންމާ، ކީއްތަ އޭނަ އެކުރަނީ…” މިޝަލްއަށް އަވަހަށް އަހާލެވުނެވެ.

“އެއީ އޭނަ ކުރާކަމެއް، ކޮންމެވެސް ދުއާއެކޯ އެވަގުތު ކިޔަންޖެހޭ………” މަލަކާ އޭނައަށް އެނގިފައިވާ މިންވަރުން ކިޔާދިނެވެ.

މިޝަލްއަށްވެސް އޭނަ އެކުރަނީ ގޯސްކަމަކަށް ވެއްޖެއްޔާ މީކާޢިލް އޭނަ ހުއްޓުވާނެކަން އެނގެއެވެ. އިސްމާލު ހައިރާންވީ އެހެން ކުޑަކުދިން ބޯބާލާއިރު ވަރަށް ރޯއިރު މިކުއްޖާ ކުކުރާވެސް ނުލީތީއެވެ. ބަކަރި ކަތިލަންވާއިރަށް ބޯބޭލުމުގެ ކަންތައްތައް ނިމިއްޖެއެވެ. މިޝަލްގެ އަތަށް ދަރިފުޅު ލިބޭވަރުވިއެވެ. އަލައިނާ ހުރީ މިއިން ކޮންމެކަމެއް ވަރަށް ޝައުގުވެރިކަމާއިއެކު ބަލާށެވެ. އޭނަ ހަމަ ބަހެއްވެސް ކިޔާނުލައެވެ.

ބަކަރި ކަތިލައިފިއެވެ. މިޝަލްގެ ދަރިފުޅަށް ނަންވެސް ކިޔައިފިއެވެ. ނަން ހަމަޖެއްސީ މަލަކާއެވެ. މަލަކާ އޭނައަށް ލިބޭ ފުރަތަކަ މާމަ ދަރިއަކަށް ހިތުލައިގެން އުޅުނު ނަމެވެ. މިޝަލް އާއި ހަފްސާއަށްވެސް ކަމުދިއައެވެ. އެކުން މިޝަލް އެނަމަށް ގަބޫލުވި އެންމެ ބޮޑު ސަބަބަކަށްވީ އާޙިލްއެވެ. އޭނަ ދުވަހަކުވެސް އާޚިލްގެ މަތިންނެއް ހަނދާނެއްނުނެތޭނެއެވެ.

“މިހާރު މީ މަންމަގެ ކުޑަކުޑަ އީޝަލް” މިޝަލް ދަރިފުޅު ގަޔާދުރަށް މައްޗަށް ހިއްލާލަމުން ބުނެލިއެވެ. އެކުޑަތުންފަތަށް ހިނިތުންވުމެއް ވެރިވިތަން ފެނުނެވެ. އެއާއެކު ތުންފަތުގެ އެއްފަރާތުން ސޮނިތިކެއް ވެއްޓުނެވެ.

މިޝަލްގެ ތުންފަތަށް ވެރިވާ ކޮންމެ ހިނިތުންވުމަކުން މީކާޢިލްގެ ހިތަށް ލިބޭ ހިތްހަމަޖެހުން އެތަށްގުނައަކަށް އިތުރު ވެގެންދެއެވެ. ދަރިފުޅު އީޝަލް ގޮވައިގެން މިޝަލް ހުރިއިރު އެދެމައިން ގެނެސް އެއަތުގެ ތެރޭ ބޮނޑިކޮށްލާ ހިތް ކިތަންމެހާވެސް މީކާޢިލްވެއެވެ. އެހެނަސް ހަގީގަތާއި އޭނަ ކުރިމަތިލާންޖެހެވެ. މީކާޢިލް އޭނައަކީ ކާކުކަން ހަނދާނެއްނުނެތެއެވެ.

މިޝަލްގެ އެދޮންމޫނު ކިތަންމެ ވަރަކަށް ފެނުނަސް މީކާޢިލް ފޫޢްސެއްނުވާނެއެވެ. އެހެނީ މުޅިއުމުރަށްވެސް އެމޫނަށް ބަލަހައްޓައިގެން އިނުމަކީ މީކާޢިލް ކުރާހިތުން ކޮށްފާނެކަމަށް ވާތީއެވެ. މިޝަލް ބަލާލާ ކޮންމެ ފަހަރަކު އޭނަގެ ދެލޮލުން މީކާޢިލްއަށް ލޯބި ނޫންއެއްޗެއް ނުފެނެއެވެ. މިޝަލްއަށް މީކާޢިލްއަކީ ކޮންކަހަލަ މަޙުލޫގެއްކަންވެސް ހަނދާން ނެތްކަހަލައެވެ.

ކެއްކުމުގައި އެންމެ ކުރީގައި ހުރީ މަލަކާއެވެ. އޭނައަށް އަތްގާތްކޮށްދިނުމުގައި ހަފްސާ އާއި ސާޝާ އުޅެއެވެ. އުނދުންމައްޗަށް އުދާފައި ހުރި ތެއްޔަކީވެސް މަލަކާގެ ތެއްޔެކެވެ. އެހެނީ އެގެއަކީ އެއްވެސް އިރެއްގައި މާބޮޑު ކެއްކުންތަކެއް ކައްކާ ގެއަކަށް ނުވާތީ އެފަދަ ބޮޑެތި ތެލިއެއްޗިއްސެއް ހަފްސާ ނުހޯދައެވެ. އުދުންމަތީ ހުރި ތެލިން ދުވާ މީރުވަހުން ކުޅުދިޔާވާހާވެއެވެ. މަލަކާއަށް ކެއްކުމުގެ ހުނަރު ލިބިފައިވާކަމާއިމެދު އެއްވެސް ޝައްކެއްނެތެވެ. ދޭތެރެ ދޭތެރެއިން ހަފްސާ މަލަކާއަށް ތައުރީފުގެ ބަހެއްބުނެލައެވެ.

މިޝަލް ދަރިފުޅު ގޮވައިގެން ވަނީ ކޮޓަރިއަށެވެ. އޭރު ކޮޓަރިތެރޭ އަލައިނާ ފޯނުން ވާހަކަދައްކަމުން ދެކޮޅަށް ހިނގާލަ ހިނގާލަ ހުއްޓެވެ. އޭނަ ދައްކަމުން ދިޔަ ވާހަކައިން ފޯނުގެ އަނެއްފަރާތުން ވާހަކަދައްކަމުން ދަނީ ރެހާންކަން އެނގުނެވެ. އެދެމީހުން ކޮންމެވެސް ކަމަކާއި ދެބަސްވަނީއެވެ. މިޝަލް ފެނުމާއެކު އަލައިނާގެ އަޑު ތަންކޮޅެއް މަޑުވިއެވެ. ހީވާ ގޮތުން މިޝަލްއަށް އަޑުއިވިދާނެތީ އަލައިނާ ކަންބޮޑުވަނީއެވެ. އެހެނަސް ވެގެން އުޅޭގޮތް މިޝަލްއަށް ވިސްނޭކަށް މާގިނައިރެއް ނުނެގިއެވެ.

“ރެހާން…..” އަލައިނާ ފޯނު ބޭއްވިއިރު މިޝަލް ބަލަހައްޓައިގެން އިންތަން ފެނުމުން ބުނެލިއެވެ.

މިޝަލް ބޯޖަހާލީ އޭނައަށް އެނގެއޭ ބުނުމުގެ ގޮތުންނެވެ. އަދި އިސްޖަހާލީ، ރެހާން އާއި އަލައިނާ އާޢި ދެމެދު އެޖެހޭ މައްސަލަތަކަކީ އޭނަގެ ސަބަބުން ޖެހޭ މައްސަލަކަން އެނގޭތީއެވެ. މިގޮތަށް ކަންތައްތައް ވާކަށް މިޝަލް ބޭނުމެއްނޫނެވެ.

“ޝެބީ……ދެން ހިނގާ ރެހާން ގާތު ބުނަން” އަލައިނާ މަޑުމަޑުން ބުނެލިއެވެ.

“އޭރުން………އޭރުން ކިހިނެއްވާނީ……..” މިޝަލް ދެއަތްދެއަތާ ޖޯޑުކޮއްލަމުން ބުނެލިއެވެ.

“ޝެބީ، ރެހާންއަށް އަހަރެންގެ ބެސްޓުފްރެންޑު އަންޑަސްޓޭންޑު ނުވަންޏާ އޭނައަށް އަހަރެންވެސް އަންޑަސްޓޭންޑެއް ނުވާނެ……….އެކަހަލަ މީހަކާ އިންނަންވެސް ނުވާނެ…..” އަލައިނާގެ ޖުމްލަ ނުނިމެނިސް މިޝަލް އޭނަގެ އަތުގައި ހިފީ އެހެން ނުބުނާށޭ ބުނުމަށެވެ.

“ލީން…..މެރީ ކުރަން މިހާ ކައިރިވެފަ އޮއްވަ ކީކޭތަ ތިކިޔަނީ………..އަހަރެން ބޭނުމެއްނޫން ލީން ތިގޮތަށް ކަންތައްކުރާކަށް، ރެހާންއަކީ ވިސްނޭ މީހެއް، ލީން އުފަލުގަ ބަހައްޓާނެކަން އަހަންނަށް ޔަގީން………….އޭނަ ކިހާ ލޯބިވޭތަ ލީންދެކެ……..” މިޝަލް ހިތްހަމަ ނުޖެހުނެވެ.

“ރެހާންއަށް ހަގީގަތް އަންގަން އަހަރެން ބޭނުން….ޝެބީވެސް ތިބުނީ ރެހާންއަކީ ރަގަޅު މީހެކޭ، ވީއިރު އޭނަކައިރީ ބުނުމަކުން އަހަންނަކަށް ހިޔެއްނުވޭ އެއްވެސް ކަމެއް ގޯސްވާނެ ހެނެއް………ޝެބީއަށް އެނގޭތަ، މިގެއަށް އަންނަން މިޖެހެނީ އޭނައަށް ނޭގި ވަގަށް، މިވެސް ގޮތެއްނޫނެއްނު، އަނެއްކޮޅުން ޝެބީވެސް ބޭނުމެއްނޫން އޭނައަށް ހަގީގަތް ހާމަކުރާކަށް، ތިދެމީހުންގެ މެދުގައި އަހަރެން ހުރެ މިހިރަ ފިތި ބާރުވަނީ…………” އަލައިނާވެސް ހިތްހަމައެއް ނުޖެހުނެވެ.

“އެހެންވީރު ލީން މިގެއަށް ނާދޭ………” މިޝަލް އޭނަގެ ކަނާތްފަރާތުގައި ބާއްވާލާފައި އޮތް ދަރިފުޅަށް ބަލާލަމުން ބުނެލިއެވެ.

“ކީކޭ…….” އަލައިނާއަށް ލިބުނީ ޝޮކެކެވެ.

“ރެހާން އާއި ލީން މައްސަލަ ޖެހޭކަށް އަހަރެން ބޭނުމެއްނޫން، އެހެންވެ…ލީން….މިގެއަށް ދެން ނާންނާށޭ” މިޝަލް މަޑުމަޑުން ބުނެލިއެވެ.

“ޝެބީއަށް ތިހެން ބުނަން ހާދަ ފަސޭހައޭ ދޯ، އަހަނަށް ޝެބީ ދެކެވުނީ ގާތް ރަޙްމަތްތެރި އަކަށްވުރެ އަހަރެންގެ އާއިލާ މީހެއްގޮތަށް…………އެހާވެސް ކެއާ ކުރެވޭ، ޝެބީއަށް ދެރައެއް ލިބޭކަށް އަހަރެން ބޭނުމެއްނޫން………….ދުވަހަކުވެސް ބޭނުމެއްނޫން……….، އަހަރެން ރެހާންއަށް ހުރިހާ ވާހަކައެއް ކިޔާދޭނަން، އޭނަ އިންނަން ބޭނުންނުވަންޏާ ނީނަސް އަހަރެންގެ އެއްވެސް ޝަކުވާއެއްނެތް” އަލައިނާ އޭނަގެ ލޮލުން އައި ކަރުނަތިކި ހިންދާލަން މައްސަކަތް ކުރަމުން ކޮޓަރިން ބޭރަށް ނުކުތުމަށް ހިނގައިގަތެވެ. މިޝަލް ހަމަ ބަހެއްވެސް ބުނެނުލާ އިންގޮތަށް އިނީއެވެ. ކަންތައްވީގޮތް ބަލަންހުރި މީކާޢިލް އައިސް މިޝަލްގެ ކޮނޑުގައި ހިފާ ގާތްކޮއްލިއެވެ.

“އަހަރެން މިހެން ވާކަށް ބޭނުމެއްނޫން…….ލީން އެދިޔައީ ވަރަށް ދެރަވެގެންކަންވެސް އެނގޭ…….މީކާޢިލް…” މިޝަލް މީކާޢިލްގެ ކޮނޑުގައި ބޯއަޅާލަމުން ބުނެލިއެވެ.

“އަދި ރަގަޅުވާނެ……….އަލައިނާ އެހެންދިޔަޔަސް އޭނަ އަންނާނެ މިޝަލް ކައިރިއަށް، އޭނައަކީ ރަގަޅު ރަޙްމަތްތެރިއެއް” މީކާޢިލް މިޝަލްގެ އަތުގައި ހިފާލަމުން ބުނެލިއެވެ.

މެންދުރު އެކެއްޖެހިއިރު ކެއްކުމުގެ ކަންތައްތައް ނިމިއްޖެއެވެ. މުޅިގޭތެރޭގައިވެސް އެއްވަހަކަށް ދުވަނީ ބޮނޑިބަތާ އުދުންމަތީ ހުރި ބަކަރި މަސްތަކުގެ ވަހެވެ. އޭރު ހަފްސާވީ މާމަދަރިފުޅު ފެންވަރުވަން ގޮހެވެ. މިޝަލް ކާމޭޒު ކައިރީ އިނެވެ. މޭޒުމަތީގައި ހުރި ޕާރުސަލް ތަށިތަކުގައި ނަންކޮޅުތަކެއް ހަރުކުރުމަށެވެ. އޭގައި އީޝަލްގެ ނަންޖަހާފައިވެއެވެ. އަދި ނަމުގެ ފަހަތަށް މީކާޢިލްގެ ނަން ހިމަނާފައިވާކަމެއް އެހެންމީހުންގެ ލޮލަކު އަޅައެއްނުގަނެއެވެ.

ތުއްތު އީޝަލް ރީތިކޮއްލައިގެން ހަފްސާ އައެވެ. މިޝަލް އަވަހަށް ހަފްސާގެ އަތުން ދަރިފުޅު އުރާލިއެވެ. އަދި މޭޒުމަތީގައި ހުރި ޕާރުސަލް ތަށިތަށް ދައްކަމުން ވާހަކަދެއްކިއެވެ. އެތުއްތު ކުއްޖާއަށް މިޝަލް ކިޔާއެއްޗެއް ނޭގުނުކަމުގައި ވިޔަސްއެވެ.

“މިޝަލް، ކޮބާ އަލައިނާ؟” މަލަކާއަށް އަލައިނާ ނެތްކަން ފާހަގަ ކުރެވުނީ ދެނެވެ.

“ޝީ އިސް އައުޓު ދޯ ޝެބީ” ކައިރީގައި އިން ސާޝާ ބުނެލިއެވެ.

“ޝެބީގެ ކޮޓަރިއަކުވެސް ނެތް……….ލީން ކޮން އިރަކު ބޭރަށް ދިޔައީ……..” ހަފްސާއަށްވެސް ވިސްނާލެވުނީ ދެނެވެ.

“ބޭރަށް ދިޔައީ، މިހާރު އަންނާނެ ކަންނޭގެ……” މިޝަލް އެހެން ބުނިއިރު އެމޫނުމަތީގައި މޮޅިވެރިކަމެއް ވިއެވެ.

ކައްކާނިންމާފައި ހުރި ބޮނޑިބަތް ތެއްޔާ ބަކަރި މަސްތައް ކޮންމެވެސް ވަރަކަށް ހިހޫވުމާއިއެކު ހަފްސާ އާއި މަލަކާ އެ އެއްޗެހި ޕާރުސަލް ތަށިތަކަށް އަޅަން ފެށިއެވެ. އަދި ސާޝާއަތަށް ދަރިފުޅު ދިނުމަށްފަހު މިޝަލް އެހުރިހާ ޕާރުސަލެއް ބަންދުކުރަންފެށިއެވެ. އެހެން ހުރިއިރުވެސް އިރުއިރުކޮޅާ ސިޓިންރޫމުގެ ދޮރާދިމާލަށް ބަލާލެވެއެވެ. އަލައިނާ ކޮބާބާއޭ ހިތަށް އަރާފައެވެ.

އެންމެންގެ ހިތުގައި އުފެދިފައިވާ ސުވާލަކީ އެޕާރުސަލްތައް މީހުންނަށް ބެހުމަށް ހަދާނެ ގޮތަކާއި ދޭތެރޭގައެވެ. އެކަންތައް ކޮއްދޭވަރުގެ ފިރިހެނަކަށް ގޭގައި ހުރީ އަބޭއެވެ. އޭރު މިޝަލް ސާޝާ އަތުން ދަރިފުޅު އުރާލަމުން ޕާރުސަލްތައް ގެންދިއުމަށް ކޮތަޅުތަކަށް އަޅާ ތައްޔާރުކުރުމަށް ބުނެފިއެވެ. ސާޝާ އެކަންތައް ކުރުމަށް އަވަސްވެ ގަތުމުން މިޝަލް ހިނގައިގަތީ އޭނަގެ ކޮޓަރިއާއި ދިމާލަށެވެ.

ކޮޓަރިއަށް ވަދެވުމާއެކު މީކާޢިލް އީޝަލް އުރާލިއެވެ. އަދި މިޝަލްގެ ނިތުގައި ބޮސްދިނެވެ. މިޝަލް ގެ މޫނުމަތިން ހިނިތުންވުމެއް ނުފެނުނެވެ.

“ކިހިނެއްވީ؟ އަދިވެސް އަލައިނާ އާއި ދޭތެރޭ ތަ ތިވިސްނަނީ” މީކާޢިލް މިޝަލްގެ ގާތުގައި އެނދުގައި އިށިންނަމުން އަހާލިއެވެ.

“ހޫމް……..އަނެއްކޮޅުން އެޕާރުސަލްތައް ގެންދާނެ ގޮތަކާއިމެދު މިވިސްނަނީ…….އަބޭ އާއިއެކު އަހަރުމެންގެ މީހެއްވެސް ދާންވާނެ އެއްނު………އެއީ ބޭރު މީހެއްދޯ، އޭނައަކަށް މިކުރެވެނީ ކިހާވަރެއްގެ ކަމެއްކަންވެސް ނޭގޭނެ…………” މިޝަލް އިސްޖަހާލައިގެން އިނދެ ބުނަމުންދިޔައެވެ.

“ބަލާލަބަލަ އީޝަލްއަށް…………އޭނަވެސް އެބުނަނީ މިޝަލް ކަންބޮޑު ނުވާށޯ، ބައްޕަ އެބަހުއްޓޯ އަދި އޭނަގެ……..ދެން މިޝަލް ކޮންކަމަކާ ތިހާސްވަނީ، އަހަރުމެންގެ ދަރިފުޅަށް ނަންކިއުމުގެ ސަދަގާތުގައި އެންމެ ކުރީގައި ހުންނަންވާނީ ދަރިފުޅުގެ ބައްޕައެއްނު…………ދެންވެސް ހިތްހަމަޖައްސާލަބަލަ، އަހަންނަށް ބަލާލަބަލަ……..” މީކާޢިލް އޯގާތެރިކަމާއެކު ބުނެލިއެވެ. މިޝަލް މީކާޢިލްއަށް ބަލާލަމުން ހިނިތުންވެލިއެވެ. އެވަގުތު މީކާޢިލްގެ އަތުގައި އޮތް އެމީހުންގެ ތުއްތު ދަރިފުޅުވެސް ހީލިއެވެ. އެކަމުގެ ސަބަބުން އަދިވަކިން ބޮޑަށް މިޝަލްގެ ހިތަށް ހިތްހަމަޖެހުން ލިބިގެންދިޔައެވެ.

“ދަރިފުޅަށް އެނގޭތަ ދަރިފުޅަށް ނަންކިޔަން ބަކަރި ގެނެސްދިނީ ކާކުކަން؟” މީކާޢިލް އެސުވާލު ކުރަން ބޭނުންވީ ދަރިފުޅަށްވުރެ ބޮޑަށް މިޝަލްއާއިއެވެ. އެވަގުތު އީޝަލްގެ މޫނުމަތިން ލޯބި ލޯބި ހިނިތުންވުމެއް ފެނިގެންދިޔައެވެ. ހީވާގޮތުން އެކުއްޖާއަށް މީކާޢިލް ބުނަންއުޅުނު އެއްޗެއް އެނގޭކަހަލައެވެ. ކައިރީގައި އިން މިޝަލްއަށް މީކާޢިލްގެ އެޖުމްލައަށް ސަމާލުކަން ދެވުނެވެ.

“ތިހެންބުނީމަ މިހަނދާންވީ، އެއީ ކާކުތަ؟ މީކާޢިލް އޭނަގެ ފަހަތުން ދުރަށްނުދޭ………ހޫމް…..އެއީ މީކާޢިލް ތިމާގެ މީހެއްދޯ” މިޝަލް ވިސްނާލާފައި ބުނެލިއެވެ.

“ތެދެއް ދަރިފުޅު، މަންމައަށް ނޭގުނު ދަރިފުޅުގެ ކާފަ ދަރިފުޅު ދެކިލަން އައިއިރުވެސް…..ހެހެހެހެހެހެ…..ދަރިފުޅަށް އެނގުނުދޯ” މީކާޢިލް ހެމުން ހެމުން ބުނެލިއެވެ.

“ސީރިއަސްކޮށް މީކާޢިލް ބައްޕަތަ އެއީ” މިޝަލް މީކާޢިލްގެ އަތުގައި ހިފާލަމުން އަހާލިއެވެ. އޭނައިނީ ވަރަށް ސީރިއަސްވެފައެވެ.

“އަހަރެން ކޮންއިރަކު މިޝަލްއަށް ދޮގުހެދީ……..އެއީ އަހަރެންގެ ބައްޕަ، އިންސާނެއްގެ ސިފައިގައި އައީ މިޝަލްގެ މަންމަ އާއިވެސް ބައްދަލުކުރަން…………ބައްޕަ ހުންނެވީ ވަރަށް އުފަލުން، ބުނީ ކުޑަކުޑަ އީޝަލް ހީވަނީ ހަމަ މިޝަލް ހެނޯ، ކަތިލި ބަކަރިއަކީ ބައްޕަ ދެއްވި ހަދިޔާއެއް………..” މީކާޢިލް ބުންޏެވެ.

“އަޅެ އަހަންނަށް ނުވެސް އެނގުނު، މީކާޢިލް ކީއްވެ ކުރިން ނުބުނީ ބައްޕަ ދުރުވާނެ ވާހަކަ………..” މިޝަލް ބުނެލިއެވެ.

“އަހަންނަށްވެސް އިނގުނީ މިގޭ ދޮރުމައްޗަށް ހުއްޓުނުތަނާ” މީކާޢިލް ދެކޮނޑު އަރުވާލަމުން ބުނެލިއެވެ.

“މީކާޢިލްގެ ބައްޕަ ހުންނަނީ އެސިފައިގަތަ؟” މިޝަލް އަހަން ނާހަން އުޅޭފަދަ ގޮތަކަށް ބުނެލިއެވެ.

“ނޫން، އެއީ ބައްޕަ އިންސާނަކަށް ބަދަލުވުމުން ހުރިގޮތް……….އަހަރެން އުފާވެރި ހަބަރެއް ދެންތަ” މީކާޢިލް ހިނިތުންވެލަމުން ބުނެލިއެވެ.

“ހޫމް………ބުނެބަލަ” މިޝަލް އަވަހަށް ބުނެލިއެވެ.

“މިރޭ ބައްޕަ ބުނުއްވި މަންމަ އާއިއެކު އީޝަލް ގާތަށް އަންނާނެ ވާހަކަ” މީކާޢިލް އުފަލުން ހުރެ ބުނެލިއެވެ.

މިޝަލްވީ އުފާވެސް ކުޑައެއްނޫނެވެ. މީކާޢިލްގެ އަތުގައި އޮތް ދަރިފުޅުގެ ކޮލުގައި ހިފާލަމުން ދަރިފުޅާ ވާހަކަދެއްކިއެވެ. އެވަގުތު މީކާޢިލް ދަރިފުޅު މިޝަލްގެ އަތުގެ ތެރެއަށް ލާދިނެވެ. އަދި ބަޔަކު އެކޮޓަރިއަށް އަންނަ ކަމުގައި ބުންޏެވެ. އެހެންބުނިތާ ސިކުންތުކޮޅެއްގެ ތެރޭ މީކާޢިލް މިޝަލްއާއި ދުރަށް ޖެހިލިއެވެ. ހަމައެވަގުތު ކައިރިކޮއްލާފައިވާ ދޮރު ހުޅުވިގެންދިޔައެވެ. މިޝަލްއަށް ލިބުނީ ޝޮކެކެވެ. ބުނާނެއެއްޗެއް ނޭގުނެއެވެ. ހައިރާންކަން އިތުރުވީ ދޮރުމަތީގައި ހުރި އަލައިނާ އާއިއެކު ހުރި ޒުވާނާ ފެނުމުންނެވެ. މިޝަލްއަށް އަތުގައި އޮތްދަރިފުޅުގެ ގައިގާ ބާރަށް ހިފަހައްޓާލެވުނެވެ.

“ޝެބީ ހީކުރީ އަހަރެން އެހާ ފަސޭހައިން ދޫ ދޭނެކަމަށްތަ؟ ބަލާ މިހިރީ ރެހާން އޭނަ އަހަރެންދެކެ ރުޅިއެއްނާދޭ، ޝެބީދެކެވެސް ރުޅިއެއްނާދޭ…………” އަލައިނާ ރެހާންގެ އަތުގައި ހިފައިގެން އެކޮޓަރިތެރެއަށް ވަނެވެ. މިޝަލް ރެހާންއަށް ބަލަހައްޓައިގެން ހުރިގޮތަށް ހުރީއެވެ.

“ތެދެއް ޝެބީ، އަހަރެން ކީއްވެ ޝެބީދެކެ ހިތްހަމަ ނުޖެހެންވީ، އަހަރެން ދެކޭގޮތުގައި އެމީހެއްގެ ލައިފް ގެންދާނެގޮތް އެނގޭނީ އެމީހަކަށް، ކޮންމެ މީހަކަށްވެސް ލައިފްގައި މިސްޓޭކެއް ހެދިދާނެ، ވީ ލާން ފުރޮމް ދޯސް މިސްޓޭކްސް، ޝެބީއަށް ތިފަދަ ދެރަގޮތެއް ދިމާވިއްޔޭ ކިޔާފަ މުޖުތަމަޢުން ބާކީކޮއްލުމަކީ އަހަރެންގެ އުޞޫލެއްނޫން………..އަހަރެން ލީން ނޫން މީހަކާ އިރާދަކުރެއްވިއްޔާ ނީންނާނަން، އަހަރެން ބޭނުން ޝެބީ އެޕާޓީއަށް އަންނަން……އަދި ލީންގެ އެންމެ ގާތުގައި އަބަދުވެސް ހުންނަން” ރެހާން މިޝަލްގެ ކުރިމައްޗަށް ހުއްޓެމުން ބުނެލިއެވެ. އަދި މިޝަލްގެ އަތުގެތެރޭ އޮތް ދަރިފުޅުގެ ކޮލުގައި ކޮއްޓާލިއެވެ.

“ލީން….” މިޝަލްއަށް ބުނެވުނީ ހަމައެކަނި އެހެންނެވެ.

“އެއްވެސް އެއްޗެއް ބުނާނެކަމެއްނެތް، އަހަރުމެންނަކީ ކުރިއެކޭވެސް އެއްގޮތަށް ހަމަ ކްލޯސް ފުރެންޑްސް” އަލައިނާ ހިނިތުންވެލަމުން އައިސް މިޝަލްގެ ފުރަގަހުން ކޮނޑުގައި ދެއަތުން ހިފާ ގާތްކޮއްލިއެވެ.

“އަހަރެން އުރާލަން ދެން ދޭންވީނު، ލޯބިކަން ދޯ، ހީވަނީ ހަމަ ޝެބީހެން…..ތަފާތެއްވެސް ނެތް” ރެހާން މިޝަލްއަށް ބުނެލިއެވެ.

މިޝަލް ރެހާން އުރާލުމަށް އީޝަލްދިނެވެ.  އޭނަ ހުރީ ވަރަށް އުފަލުންނެވެ. މިހާ އަވަހަށް އަލައިނާ އާއި މިޝަލްއާއި ދޭތެރޭ އުފެދުނު މައްސަލަ ހައްލުވެދާނެ ކަމަކަށް އޭނަ އެއްގޮތަކަށްވެސް ހިއެއްނުކުރެއެވެ. އަލައިނާ ހިނިއައިސްފައި ރެހާންގެ ގާތުގައި ކުޑަކުޑަ އީޝަލްއާ ވާހަކަދައްކަމުން ދިޔައެވެ.

“އަދި މިހެން ހުރެވޭކަށްނެތޭ……….ދާންވީ އެޕާރުސަލްތައް ބަހަން” ރެހާން އަލައިނާއަށް އީޝަލް ދިއްކޮއްލަމުން ބުނެލިއެވެ.

އެއަޑުއިވިފައި މިޝަލްވަކިން އުފާވިއެވެ. އަވަސް އަވަހަށް ރެހާންއަށް ޝުކުރުއަދާކުރިއެވެ. އެމީހުންނާއެކު ކޮޓަރިން ނިކުންނަން އުޅުނު މިޝަލް ކޮޓަރިތެރޭ ހުރި މީކާޢިލްއަށް ބަލާލީ އުފަލުންހުރެއެވެ. އެވަގުތު އީޝަލް ރޯންފެށިއެވެ. އަލައިނާ އަވަހަށް މިޝަލްގެ އަތަށް ދަރިފުޅު ދިނެވެ. ނުކުންނަން އުޅެފަވެސް މިޝަލްއަށް ނުކުމެވޭ ގޮތެއްނުވިއެވެ. އީޝަލް ރޯތީއެވެ.

“ނިދިއައީ ކަންނޭގެ……..އަހަރެން އީޝަލް ނިދާތޯ ބަލާލާނަން……” މިޝަލް ކޮޓަރީގައި މަޑުކުރިއެވެ. އަލައިނާ އާއި ރެހާން ދިޔައީއެވެ. ކޮޓަރީގައި ހުރި މީކާޢިލްވެސް ގެއްލުނީއެވެ.

ސައިކަލުމަތީގައި އިން ރެހާން އަބޭނުކުންނާނެ އިރަކަށް މަޑުކޮއްލައިގެން އިނެވެ. ނަމަވެސް އަބޭ ނުނިކުމެ ގިނައިރުވާން ފެށުމުން ރެހާންގެ ގާތު ސައިކަލު ކައިރީ ހުއްޓިލައިގެން ހުރި އަލައިނާ ގޭތެރެއަށްވަނެވެ. އޭރު ކަމަކު ދާކަށް ނެތެވެ. މަލަކާގެ ކައިރީ ހަފްސާ ފަސްޓެއިޑު ފޮށިހިފައިގެން ހުއްޓެވެ. މަލަކާ އަބޭގެ ދެއަތް ބެންޑޭޖުކުރަނީއެވެ.

“ކިހިނެއްވީ މަންމާ” އަލައިނާ ހާސްވެފައި މަލަކާގެ ގާތުގައި އަހާލިއެވެ.

“ބިއްލޫރިތައްޓެއް ދެއަތަށް ތަޅައިލައިގެން މިއުޅެނީ………ބަލައިގެނެއްނޫންވިއްޔަ އުޅެނީ، އެހެންވީމަ މިކަހަލަ ކަންތައްދެން ވާނީ…….” މަލަކާ ކުދިކިޔާލިއެވެ.

“އަޅޭ……..ދެން ކިހިނެއް ހަދާނީ، މިހިރަ ކޮތަޅުތައް ގެންދާނީ ކިހިނެއް؟ ރެހާންވެސް އެކަންޏެއް ނުވާނެ އެއްނު” އަލައިނާ ބުނެލިއެވެ. އޭނަ އެހަބަރު ދޭން ނުކުތްއިރު ރެހާންގެ ގާތުގައި ހުއްޓިލައިގެން ހުރި ޒުވާނާ އަލައިނާއަށް ފެނުނެވެ. ކަޅުޓީޝަޓަކާއި ކަޅުޖިންސެއް ލައިގެން ހުރިއެ ޒުވާނާ ރެހާން ދައްކަމުން ދިޔަ ވާހަކައަށް ހިނިއައިސްފައި ހުއްޓެވެ. އަލައިނާ ހީކުރީ ރެހާން އެތާއިންދާ ރައްޓެއްސަކާ ދިމާވީކަމަށެވެ.

“ރެހާން……..ވަރަށް ސަކަރާތް، އަބޭ އެބައުޅޭ އަތްހަލާކުކޮއްލައިގެން، ދެން ކިހިނެއް ހަދާނީ” އަލައިނާ ރެހާންގެ ގާތުގައި ހުއްޓިލަމުން ބުނެލިއެވެ.

“އަހަރެން އެހީވެދެންތަ؟” އެކަޅުއެއްޗެހި ލައިގެން ހުރި ޒުވާނާ ބުނެލިއެވެ.

އެއާއެކު ނުބަލަން ހުރި އަލައިނާއަށްވެސް އެޒުވާނާއާއި ދިމާލަށް ބަލާލެވިއްޖެއެވެ. އެވަގުތު އޭނަ އާޝޯހުވެ އަންތަރީސްވިއެވެ. އެޒުވާނާއަށް ކަޅިވެސް ޖަހާނުލާ ބަލަން އަލައިނާއަށް ހުރެވުނެވެ. ކޮންފަދަ ޖާދުވީއަޑެއްހެއްޔެވެ. މީހުންގެ ހިތްދަމައިގަންނަ ހުރިހާ ސިފައެއް އޭނައަށް ލިބިފައި އެބަވެއެވެ. އަލައިނާ ހާސްވީ އެޒުވާނާގެ ލޯފެނުމުންނެވެ. ފެހިކުލައިގެ ދެކަޅިއެވެ.

“އޯކޭ، ތިވީ މާރަގަޅަކަންނު، އަންނާނަން ކޮތަޅުތައް ހިފައިގެން………..” ރެހާން ބުނެލިއެވެ. އަދި ކޮތަޅުތައް ބަލާ ގޭތެރެއަށް ވަނުމަށް ސައިކަލުން ރެހާން ފޭބިއެވެ. ރެހާން ހިނގައިގަންނަމުން އަލައިނާގެ އަތުގައި ހިފިއެވެ. ގުޑިލަންވެސް ނޭގިފައިހުރި އަލައިނާ ހިނގައިގަތީ ރެހާން އޭނަގެ އަތަށް ދަމާލުމުންނެވެ.

ގޭތެރެއަށް ވަދެފައި ރެހާން ނުކުތްއިރުވެސް އަލައިނާ ގަބުވެފައި ސޯފާގައި އިނެވެ. އޭނަ ކޮންމެވެސް ކަމަކާއި ވިސްނަނީއެވެ. ކުއްލިއަކަށް ހީވީ ގަޔަށް ކަރަންޓު ޝޮކެއް ދިންހެނެވެ. މީހާ ތެޅިގަނެފަ ތެދުވިއެވެ. އަދި ބޭއިޙްތިޔާރުގައި އަނގަމަތީ އަތްއެޅުނެވެ. ކަންބޮޑުވެ ހާސްވެފައިވާ އަލައިނާގެ ސިކުނޑިއަށް އެތަކެއް ސުވާލުތަކެއް ވެރިވެގެން ދިޔައެވެ.

އަލައިނާ ބާރުހިނގުމައި އައިސް މިޝަލްގެ ކޮޓަރިއަށްވަނެވެ. އެވަގުތު މިޝަލް ދަރިފުޅު ނިންދަވާފައި ކުޑައެނދުގައި ބާއްވަނީއެވެ. މިޝަލް އަލައިނާއަށް އަޑުމަޑު ކުރާށޭ ބުނާފަދަ ގޮތަކަށް ތުންފަތުގައި ޝަހާދަތް އިނގިލި ޖައްސާލިއެވެ.

“ކިހިނެއްވެފަ ތިހިރީ؟” އަލައިނާ ހާސްވެފައި ހުރިވަރު މިޝަލްއަށް އޭނަގެ މޫނުމަތިން ފެނުމުން އަވަހަށް އަހާލިއެވެ.

“އަހަރެން ބުންޏަސް ޝެބީ ގަބޫލެއް ނުކުރާނެ” އަލައިނާ އަޖައިބެއް ފެނުމުން ބުނާފަދަ ގޮތަކަށް ބުނެލިއެވެ.

“ކޮންކަމެއްތަ؟” މިޝަލް ވައިއަޑުން އަހާލިއެވެ. އެއާއެކު އަލައިނާ ދޮރުން ބޭރު ބަލާލުމަށްފަހު މިޝަލްގެ ކޮޓަރީގެ ދޮރު ލެއްޕިއެވެ. އޭނަ ބުނަން އުޅޭ ވާހަކަ އެހެން މީހަކަށް އަޑުއިވިދާނެތީއެވެ.

“ޝެބީ އަހަންނަށް ޔަގީން، ވަރަށް ބޮޑަށް ޔަގީން………..އަހަންނަށް މީކާޢިލް ފެނިއްޖެ؟ އީއްކޮގެ ބައްޕަ ފެނިއްޖެ………” އަލައިނާ ބުނެލިއެވެ.

“ސާބަސް ލީން، ތީ ކިހިނެއް ވާނެކަމެއް…………ލީން، އިޓްސް ނޮޓް ފަނީ” މިޝަލްވެސް ހައިރާންވެފައި ބުނެލިއެވެ.

“އޭނަގެ ދެލޯ………..އެފެހި ކުލަގަދަ ދެކަޅި………….ޝެބީ ބިލީވް މީ، ޝެބީ ކިޔާދިން ހުރިހާ ސިފައެއް އަހަންނަށް އެޒުވާނާއަށް ބަލާލުމުން ފެނުނު…….އޭނަގެ ހުރިކަހަލަގެ ދެލޯ އީއްކޮގެވެސް އެވަނީ…………….ކަޅު ޓީޝާޓެއްގައި ހުރިއިރުވެސް އޭނަ ހާދަ ރީއްޗޭ……………” އަލައިނާ ގެއްލިފައި އިނދެ ބުނެލިއެވެ.

މިޝަލްއަށް އެހިސާބުން އެފެނުނީ މީކާޢިލްކަން ޔަގީން ކުރަންޖެހުނެވެ. އީޝަލްއަށްޓަކާ އޭނަ ރެހާން އާއިއެކު ދިޔައީތާއޭ މިޝަލްގެ ހިތަށްއެރިއެވެ. ނަމަވެސް މިޝަލް އަލައިނާ އާއި އެއްބަސް ވާކަށް ބޭނުމެއްނޫނެވެ. އެހެންވެ އެއީ އަލައިނާއަށް ހީވި ހީވުމެކޭ މިޝަލް ބުނެލިއެވެ. އަދި އެވާނީ އެމީހަކު ލޮލަށް ލެންސުލައްވާފައި ހުރިކަމަށޭ ބުނެލިއެވެ.

“ނޫނެކޭ ޝެބީ، އަހަންނަށް ފެނުނު މީހާގެ އެއްވެސް ފޭކުކަމެއް ނެތޭ……..އެންޑް އައި ވޯސް ނޮޓް ޑްރީމިންގ………..ޝެބީ ބުނަމެންނު މީކާޢިލް ޝެބީމެންގެ ހާލުބަލާނެއޭ…..އޭނަ ޝެބީ ދޫކޮށެއްނުލާނެއޭ، އަހަންނަށް ހީވަނީ އޭނަ އެއައީ ކަންނޭގެ ޝެބީ އާއި އީއްކޮށް ކައިރިއަށް………..އޯ……އަހަރެން ކިހިނެއް ހެދިއްޔާތަ ޝެބީ އަހަރެން ދައްކާ ވާހަކަ ގަބޫލުކުރާނީ” އަލައިނާ ބުނެލިއެވެ.

“ލީން…………މީކާޢިލް އައީއޭ……….ހެހެހެ……އަޅެ ކޮންކަހަލަގެ ވާހަކައެއްތަ ތިދައްކަނީ………” މިޝަލް އަނެއްކާވެސް ބުނެލިއެވެ. އަލައިނާއަށް ފެނުމުންވެސް އެއީހަމަ މީކާޢިލްއޭ ބުނާކަށް މިޝަލްއަށް ނުކެރުނެވެ. އަނެއްކޮޅުން މީކާޢިލް އަލައިނާއަށް އޭނަގެ އަސްލުސިފައިގައި ފެނުމުގެ ކޮންމެވެސް ސަބަބެއް އޮންނާނެއެވެ.

“އޯކޭ މައްސަލައެއްނެތް، ހިނގާ ރެހާން އަންނަންދެން ދޮރުކައިރިއަށް، ރެހާންގެ ސައިކަލު ފަހަތުގައޭ ދިޔައީ، އިރުކޮޅަކުން އަންނާނެ އެއްނު……..” އަލައިނާ ބުނެލިއެވެ. އޭނަވެސް އޭނައަށް ފެނުނު އެއްޗެއް ޔަގީންކޮއްދެން ބޭނުންވިއެވެ.

“ރެހާންގެ ފުރެންޑެއްތަ އެއީ……….” މިޝަލް އަލައިނާގެ އެޖުމްލައާޢި ވިއްދާ އަހާލިއެވެ.

“ހީވަނީ، އެދެމީހުން ވާހަކަދެއްކިއިރު ނުދަންނަ ދެމީހުން ފާޑެއް ނުޖަހާ…….” އަލައިނާ ވިސްނާލަމުން ބުނެލިއެވެ. އޭނަ ސިކުނޑީގައި އަދިވެސް އެމަންޒަރު ތަކުރާރުކޮއްލިއެވެ. އެޒުވާނާގެ ސޫރައެވެ. މީހަކު ގަބޫލު ނުކުރިކަމުގައި ވިޔަސް އޭނައަށް ފެނުނު ޒުވާނާގެ ގައިގާ މިޝަލް ބުނި ސިފަތަށް ހުރިކަން އޭނަ އަމިއްލަ ނަފްސައްއެނގެއެވެ. އެދެލޯ މަތިން އެހާއަވަހަށް އަލައިނާ ހަދާންނެތޭނީ ކިހިނަކުން ހެއްޔެވެ.

“މަނިކުބޭ، އަހަރެން ހަނދާނެއް ނުނެތެއޭ……..ދާނަމޭ އަސުރުން ފައިބައިގެން، މިދަނީ މިސްކިތަށް ދާށޭ” ޖާވިދު ބުނެލިއެވެ.

“ބޭބެ ހީކުރީ ޖާވިދު އޮފީހަށް ދިއުމުން މަސައްކަތާހެދި ހަނދާންނެތިދާނެއޭ، އެހެންވެ އެކުން މިގުޅާލީ………ދެން އެހެންވީރު ކަލޯވެސް ދޭ ނަމާދުކޮއްލަން، ބޭބެވެސް މިދަނީ………” މަނިކު އެހެންބުނުމަށްފަހު ފޯނު ބޭއްވިއެވެ.

ނަމާދުން އަވަދިވުމާއެކު ޖާވިދު ދިޔައީ އޭނަގެ ރަޙްމަތްތެރިއާ ޝާހިދު އާއިއެކު ސައެއްބޯލުމަށް ހާބަރު ކަޑައަށެވެ. އެތަނުގައި އޮލަވާހަކައިގައި އިންނަތާ ބައިގަޑިއިރެއްހާ ފަހުން ޖާވިދުއަށް ފޯނުކޯލެއް އައެވެ. ފޯނަށް ބަލާލާފައި ކުއްލިއަކަށް ޖާވިދު ތެދުވިއެވެ. ޝާހިދު ކިހިނެއްވީތޯ އަހާލިއެވެ. އަނެއްކާ މީހަކު މަރުވީތޯ އަހާލީ އޭނަގެ ސަމާސާ ރާގުގައެވެ.

“ނޫނޭ…..ތިއަށްވުރެ ބޮޑުކަމެއް ލައިގަނެގެން މިއުޅެނީ………..އޭ އޯކޭ މަދަނީ، ފަހުން ދިމާވެލަން ވާނެއެއްނު” ޖާވިދު އެތެދުވިގޮތަށް އަވަހަށް ސައިކަލާއި ދިމާލަށް ހިނގައިގަތެވެ.

ޖާވިދަށް އޭނަގެ ގެހުރި މަގަށް އެޅޭއިރަށް ގެއާދިމާލަށް ބަލާލިއެވެ. އޭނައަށް އެންމެ މަތީ ބެލްކަނީގައި ހުރި މަނިކު ފެނުނެވެ. ގޭދޮށަށް ސައިކަލު މަޑުކޮއްލަމުން މަނިކުއަށް ޖާވިދު ގުޅިއެވެ. އަދި އޭނަ މިހުރީ ދޮރުމަތީގައި ކަމަށާއި އަދި މަނިކު ތިރިއަށް އައުމަށް ބުނެ ފޯނުބޭއްވިއެވެ.

ހުޅުމާލެ ފެރިއަށް އެރުމަށްޓަކައި ޖާވިދުއިނީ ސައިކަލު ކިޔުގައެވެ. އޭރު ފަހަރަކު ސައިކަލެއް ފެރިއަށް އަރުވަމުންދެއެވެ. މަނިކުވެސް އެތާކައިރީ މަޑުކޮއްލައިގެން ހުރީ އެސައިކަލުތަށް އަރުވަންދެންނެވެ. މާގިނައިރެއްނުވެ ޖާވިދުގެ ފަހަތުން މަނިކުވެސް މަޑުމަޑުން ފެރިއަށް އަރައިފިއެވެ. މަނިކު އެރިގޮތަށް އަރާ އެންމެ ކުރީގޮނޑި ބަރީގެ ފުރަތަމަ ގޮނޑީގައި އިށީނދެއްޖެއެވެ.

ރެހާން އަންނާނެ އިރެއްގެ އިންތިޒާރުގައި އަލައިނާ މިޝަލް އާއިއެކު ގޭގެ ބޭރު ދޮރުކައިރީ ހުއްޓެވެ. މިމީހުން ކުރާ ކަމެއް ދޭތެރެއަކުން މަލަކާ ބަލާލައެވެ. އޭރު ހަފްސާ އާއި މަލަކާ ތިބީ ހުރިހައިކަމެއްވެސް ހީކުރިވަރަށްވުރެ ރަގަނޅަށް ނިމުމުން ވަރަށް ހިތްހަމަޖެހިފައެވެ. އަދި އެހާމެ ވަރުބަލިވެސް ވެފައެވެ. ހެދުނު ތެދުވިގޮތަށް އެނޫނީ އެއްތަނެއްގައި މަޑުވެ ނުތިބެއެވެ. ސާޝާ މެންދުރުގެ ކެއުން ތައްޔާރު ކުރުމުގައި އުޅެއެވެ. މެންދުރުގެ ކެއުމަށްވުރެވެސް އެންމެންނަށް މިއަދު މުހިއްމުވީ ކުޑަކުޑަ އީޝަލްގެ ނަންކިއުމުގެ ޞަދަޤާތުގެ ކަންތައްތައް މެންދުރުވާންވާއިރަށް ނިންމާލުމެވެ.

ގޭގެ ވައަތް ފަރާތަށް އޮތްމަގުން ސައިކަލުގައި ނުކުތް ރެހާން ފެނުމާއެކު އަލައިނާއަށް މިޝަލްގެ އަތުގައި ހިފާލެވުނެވެ. ނަމަވެސް އަލައިނާގެ މޫނުމަތީގެ ކުލަވަރު ބަދަލުވީ ރެހާން ކައިރިއަށް އައިސް ގޭގެ ދޮރުމަތީ ސައިކަލު ޕާކުކުރުމުންނެވެ.

“ކޮބާ ރެހާންގެ ފްރެންޑު؟” އަލައިނާ އަވަސް އަވަހަށް އަހާލިއެވެ.

“ކޮންފްރެންޑެއް؟” ރެހާން ސަމާސާ ރާގަކަށް ހިނިއައިސްފައި ބުނެލިއެވެ.

“ރެހާން…..ދެން ސަކަރާތް ނުޖަހާ ބުނެބަލަ، ސައިކަލު ފަހަތުގަ ދިޔައެއްނު، ކޮންތާކަށްތަ އޭނަ ދިޔައީ” އަލައިނާ ސީރިއަސްކަމާއެކު އަހާލިއެވެ.

“އޭނަ ދޯ، އެއީ އަހަރެންގެ ރައްޓެއްސެއްނޫން……މިހިސާބުގަ ވަރަށް ގިނައިން އުޅޭކަމަށްވަނީ، ލީން މިގެއަށް އަންނަތަން ފެންނަ ވާހަކަވެސް ބުނި، މިހެން ދަމުން އޭނަ އަހާލީ މިއަދު މިގޭގަ ހާދަ ބޮޑުކަމެއް ހިނގާހެން ހީވެޔޯ، ދެން އަހަރެން ކިޔާދިނިން……….ވަރަށް ރަގަޅު މީހެއްހެން އޭނަ ހީވަނީ……….އެކަމަކު ލީންއަށް ކިހިނެއްތައް ވީ އޭނަފެނިފަ؟، މީހާއަށް ގުޑާލަންވެސް ނޭގިފަވިއްޔަ ހުރީ……….އޭނަ މަށަށްވުރެ ތަންކޮޅެއް ސްމާޓްވެފަ ރީތީދޯ……ޝެބީއަށް ފެނުނަމަ އެނގޭނީ މި ލީންއަށް ވެފަހުރިވަރު….” ރެހާން ހޭން ފެށިއެވެ.

“ދެން އޯކޭ އޭ………ނުފެންނަ ކަހަލަގެ މީހަކު ފެނުމުން ބަލާލިޔަސް އެވަރުކަމެއްތަ؟ އަދިވެސް ނުބުނަމެއްނު އޭނަ ދިޔައީ ކޮންތާކަށްކަމެއް، ކޮންނަމެއްތަ އޭނައަށް ކިޔަނީ؟” އަލައިނާ އަނެއްކާވެސް ސުވާލުކުރިއެވެ.

“ލީން ސީރިއަސްކޮށް އައި ޑޯންޓު ނޯ ހިމް….އޭނަގެ ނަމެއް ނުބުނޭ، އަހަންނަށް އެވަގުތު މުހިއްމެއްވެސް ނުވި، އޭނަ މިއަދު އެހީ ނުވިނަމަ ކިހިނެއް އެބޮޑުކޮތަޅު އަހަރެން ގެންދާނީ، ގެއާ ދިމާލަށް ދާން އުޅެން ފެށުމުން އޭނަބުނީ އޭނަ މިދަނީ ކޮންމެވެސް ތަނަކަށް ދާންށޯ، ސޯ އައި ޑްރޮޕް ހިމް ދެއަރ، ދެން ނާހާތި އެއީ ކޮންތަނެއް ހޭ…..އައި ޑޯންޓު ނޯ” ރެހާން އަލައިނާގެ ދެކޮނޑުގައި ހިފާލަމުން ބުނެލިއެވެ. ބުނިގޮތުން ހީވަނީ އޭނައަށް އަލައިނާގެ ސުވާލުތަކުން އުނދަގޫވީހެނެވެ. އެސުވާލުތައް ކުރުން ހުއްޓާލާށޭ ބުނަންބޭނުންވެފައިވާހެނެވެ.

ދުއްވަމުން ދިޔަ ޖާވިދުގެ ސައިކަލު ފަހަތުގައި އިން މަނިކު އެއްފަރާތަށް ބޯދިއްކޮއްލުމާއެކު ގަސްތަކުތެރެއަށް އެޖެހީ ބޮޑުރަތް ކުޅުގަނޑެކެވެ. އަދި އަނގައިގެ އަރިމަތީގައި ހޭކިފައިވާ ރަތްކުލަގަނޑު އަތުން ފޮހެލުމާއެކު އެއުނގުޅާލީ ލައިގެން ހުރި ފަޓުލޫނުގައެވެ. ސައިކަލުގެ ލޯގަނޑުން މަނިކު ކުރާ ކަންތައްތަކަށް ނަޒަރު ހިންގަމުންދިޔަ ޖާވިދަށް މިމަންޒަރު ފެނިފައި އަނގަމަޑުން ލައިގެނެއް ނީދެވުނެވެ.

“މަނިކުބޭ، ތިކުރީ ދެންކިހާ ހަޑިކަމެއް……އެހެންނޫނަސް ތިހާވަރަށް ދުފާކަށްވެސްނުވާނެ………” ޖާވިދު ބުނެލިއެވެ.

“ދެން އެއީ އެވަރު ކަމެއްތަ؟ މީހެއްގެ ގައިގާ ގައިމުވެސް ނޫގުޅޭނެ…………ރަގަޅަށް ދުފާލަން ޖެހޭނެ، އޭރުން ރަގަޅަށް ސިކުނޑިމަސައްކަތް ކުރާނީ………….ކަލޯ ދެން އެކަމާ ނުވިސްނާ ދުއްވަބަލަ………….” މަނިކު ޖާވިދުގެ ކޮނޑުގައި ޖަހާލަމުން ބުނެލިއެވެ.

ޖާވިދަށް ބުނާނެ އެއްޗެއް ނޭގުނެވެ. ރަގަޅުވާނީ މަނިކު އާއި ދެބަސްނުވެ އޭނަ ބުނާގޮތެއް ހެދީމަކަން ޖާވިދުގެ ސިކުނޑި ވިސްނާދެމުން ދިޔައެވެ. ޖާވިދު ހުޅުމާލޭގެ ބޮޑެތި މަގުތަކުން ދުއްވަމުން ދިޔައެވެ. މަނިކު އިނީ ވަރަށް ހިނިއައިސްފައެވެ.

“ޖާވިދު……….ކަލޯވެސް މިތަނުން ގެއެއް ގަންނަންވީނު، މިތަން ހާދަ ހިތްފަސޭހައޭ ދޯ………..ވަރަށް ފައްކާރަށެއްމީ…………” މަނިކު ބޯޖަހާލަމުން ބުނެލިއެވެ. ޖާވިދު ހަމައެކައްޗެއްވެސް ނުބުނެއެވެ.

“ތިބުނާ މަންޖެ އުޅެނީ މިތަނުން ގެއެއް ގަނެގެންތަ؟” މަނިކު އަހާލިއެވެ.

“މަނިކުބެ ކޮންއިރަކުންތަ ފުރަނީ؟ އަހަރެން ވަރަށް ހިތަށްއަރާ ކޮންމެ އަހަރެއްގެ މިދުވަސްކޮޅު މަނިކުބެ މާލެ އަންނަނީ ކީއްވެބާއޭ؟ މިފަހަރު އެހެން ފަހަރުތަކަށްވުރެ ގިނަދުވަހު މަޑުކުރާތީ މިހެން މިއަހާލީ. އަނެއްކާ މަނިކުބެ މިކޮޅުން ކަމެއް ކުރަނީތަ” ޖާވިދު އަހާލިއެވެ. އޭނަ މަނިކުއަށް ހަފްސާ އާއިބެހޭ ގޮތުން މާގިނަ އެއްޗެހިތަކެއް ކިޔާދޭކަށް ބޭނުމެއްނޫނެވެ. ޖާވިދު ހަފްސާ ކިތަންމެ ބޭނުންވިޔަސް މަނިކުއަށް ކޮއްދެވޭނެ އޮންނާނީ ހަމައެންމެ ކަމެކެވެ. އެއީ ސިހުރުވެރިކަމުގެ ބާރުގައި ހަފްސާ ވާވެއްދުމެވެ. އޭނަގެ ރުހުން ހޯދުމެވެ. މިއަދާ ހަމައަށް އައިއިރުވެސް ޖާވިދު އެފަދަކަމެއް ކޮށްގެން ހަފްސާއާއި ގާތްވާކަށް އޭނަގެ ޟަމީރުވެސް އެއްބަހެއް ނުވެއެވެ.

“އަސްލު އަންނަންވީ މިކަހަލަ ތަނަކަށް، އޭރުންނު ކަމެއްވެސް ވާނީ………….މިހާރު ވިލިގިލީގަވެސް މީހުން ހޭލަމޭލަވެ އުޅޭލެއް ގިނަކަމުން އަހަރުން ކަހަލަ މީހަކަށް ނޯވޭ ކަމެއްވެސް ކޮއްލެވޭކަށް………” މަނިކު ވަށައިގެންވާ ތަންތަނަށް ބަލަމުން ބުނެލިއެވެ.

“އެހެންވީރު މަނިކުބެ އައިސްގެން ތިއުޅެނީ ކަމަކުތާ ދޯ…………” ޖާވިދު ނުކުރާނަމޭ ހިތަށް އަރައިގެން މިހާދުވަސް ވަންދެން އުޅުނު ސުވާލު އަނެއްކާވެސް ކުރިއެވެ.

“މީދެން އެހެނެއްނޫން………….ކުރިން ކޮއްފައި ހުންނަ ކަންތައްތައް އައު ކޮއްލާ ހަދައިލަން މިއަންނަނީ” މަނިކު ވަރަށް ނޫންގޮތަކަށް ބުނެލިއެވެ. މަނިކު އެހެން ބުނިކަމުގައިވިޔަސް، މަނިކުއަކީ އޭނަ ކުރާ ކަންތައްތަކުގެ ކަޅުދޮންމިންވެސް މީހަކަށް އަންގާލަން ބޭނުންވާ ކަހަލަގެ މީހެއްނޫނެވެ.

“ޖާވިދު، ކާފަ ދުނިޔޭގެ މަނިކުބެ ގާތު ބުނެފައޭ އޮތީ ތިކުދިން އުޅޭގޮތް ބަލައްޗޭ……..ޖާވިދުގެ މަންމަ އާއިދޭތެރޭ ވިސްނާލަބަލަ، މިއަދު އެމީހުން ތިބިނަމަ މިވާހަކަ ބޭބެއަށް ވުރެ ގިނައިން ދައްކާނެކަން ޔަގީން، އެހެންޏާފަހެ ތިހުރެގެން އުމުރު ހުސްވަނީވިއްޔާ………..ޖާވިދު އުމުރު ދުވަހުތިގޮތަށް ހުއްޓަސް ޖާވިދުބޭނުންވާ ކަހަލަގެ މީހަކާ ދިމައެއްނުވާނެ، އެހެންނޫނަސް ތިމަންޖެތިހިރީ ހުސްކޮށް، އެހެންނޫންނަމަތާ ބުނާނީ މީހެއްގެ ހައްޤަކަށް އަރައިގަންނަނީއޭ…….” މަނިކު އަނެއްކާވެސް ޖާވިދުގެ ބޮލަށް އެރެން މަސައްކަތްފެށިއެވެ.

“މަނިކުބޭ އެއީ ހުވަފަތްވެފައި ހުރި އަންހެނެއް، ބޮޑުވެފަ ހުރި ދަރިއަކުވެސް ހުރޭ، އެހެންނޫނަސް އަހަންނަށް އިންނާނެ މީހުންވެދާނެ، ދެން ހިނގާ މިތަނަށް ސައިތައްޓެއް ބޯލަން ވަންނަން” ޖާވިދު ކެފޭއެއްގެ ކުރިމައްޗަށް މަޑުކޮއްލަމުން ބުނެލިއެވެ. އެއީ ހަފްސާ މެންގޭ ކައިރިއެވެ. ނޭގިނަމަވެސް އޭނައަށް ދެވެނީ އެގެއާ ކައިރިއަށެވެ. ހިތުގެ މަންޒިލާ ދިމާލަށެވެ.

ޖާވިދުމެން ގޮސް އިށީނީ ހާމަކޮށް ވަށައިގެން ވައިވަންނަގޮތަށް ހަދާފައިވާ ބަޔަށެވެ. އަދި އިށީނުމާއެކު އެތަނުގެ މީހަކު އައެވެ. ހަވީރުގެ ގަޑިއަށް ވުމާއެކު ފުދޭވަރަކަށް މީހުން އެތަނުގައި އޮތެވެ. ހުސްވެސް ފިރިހެނުންނެވެ. މަނިކު ޖާވިދުގެ ވާތުކޮނޑުގައި ފިރުމާލިއެވެ. ވަށައިގެން ފެންނަމުންދާ މާހައުލުގެ ތެރެއަށް ހިތާ ސިކުނޑިދޫކޮއްލައިގެންއިން ޖާވިދު ކުއްލިއަކަށް މަނިކުއަށް ބަލާލިއެވެ. އޭނަގެ ހަށިގަނޑަށް މުޅިން އެހެންކަހަލަގެ އިޙްސާސެއް ކުރުވިއެވެ.

“ޖާވިދު….” މަނިކު އަނެއްކާވެސް އެކޮނޑުގައި ފިރުމާލަމުން ގޮވާލިއެވެ. މިފަހަރު ހީވަނީ ކޮންމެވެސް ކަމެއް ޔަގީން ކުރަން ގޮވާލިހެނެވެ. މަނިކު އޭނަގެ ވާތްފަރާތަށް ބަލާލީ ލޮލުގެ ހިމަކޮޅުންނެވެ. ތުންތަޅުވާލުމަށްފަހު ވާތްފަރާތަށް އެޖެހީ ބޮޑު ރަތްކުޅުގަނޑެކެވެ. އަދި މޫނުމައްޗަށް ލާނެތް ހިނިތުންވުމެއް ވެރިވެގެންދިޔައެވެ.

“މަނިކުބޭ އެމަންޖެ މެންގެ އިންނަނީ މިތާ ކައިރީގައޭ……….” ޖާވިދު ބުނެލިއެވެ.

މަނިކު އޭނަގެ ރަތްވެފައިވާ ދަތްޕިލާ ފެންނަވަރަށް ހިނިތުންވެލިއެވެ. އެވަގުތު ވެއިޓަރު މީހާ ހެދިކާތައްޓަކާއި ދެޖޯޑު ކަޅުސައި ގެނެސްފިއެވެ. މަނިކު އަޑުއަހަން ބޭނުންވި ކޮންމެ އެއްޗެއް މިހާރު ޖާވިދު ބުނާނެކަން މަނިކުއަށް އެނގެއެވެ. އަދި މަނިކު ބުނާ ކޮންމެ އެއްޗެއްވެސް ޖާވިދު ގަބޫލުކުރާނެއެވެ. މަނިކު އޭނަގެ ކުލަވަރު ޖާވިދަށްވެސް ދައްކާލީއެވެ. އޭނަގެ ބާރުގެ ދަށަށް ޖާވިދު އެވަނީ ގެނެސްފައެވެ.

“ކޮންނަމެއްތަ ކިޔަނީ އެމަންޖެއަށް؟ ވަރަށް ބޮޑުތަ އެގެ، ވަރަށް އުޅެވޭ މަންޖެއެއް ދޯ އެއީ………….އޭނަގެ ހުންނަނީ އަންހެން ދަރިއެއްތަ؟ ވަރަށް ރީތިތައް…………” މަނިކު ހުރިހާ ސުވާލެއް މޭޒުމައްޗަށް ހީވީ އޮއްސާލިހެނެވެ.

“އޭނައަށް ކިޔަނީ ހަފްސާ، އުޅެވޭތީތާ ދޯ އެއުޅެނީ ހުޅުމާލޭން ގެއެއް ގަނެލައިގެން، މިތަނުގަ ހިނގާ ގިނަ ވިޔަފާރިތައް އޭނަގެ ނަންމަތީ އޮންނަނީ……………” ޖާވިދު ހެމުން ބުނެލިއެވެ. އޭނައަށް ކަމެއް ވެގެން އުޅޭހެންވެސް ހިޔެއްނުވެއެވެ. ބުނެވެނީ މިކިހާވަރެއްގެ އެއްޗެއްކަމެއްވެސް ޖާވިދަށް އިހްސާސްވެސް ނުކުރެވެއެވެ.

“ދެން އޭނަގެ ދަރިއޯ” މަނިކު އަނެއްކާވެސް އަހާލިއެވެ.

“ހަފީގެ ހުންނަނީ އަންހެން ކުއްޖެއް، ވަރަށް ރީތިވާނެ، ހަފީއާ ވަރަށް ވައްތަރުވާނެ، ކުއްޖަކާ ގުޅިގެން އުޅޭ ވާހަކައެއް ހަފީއެއް ނުބުނޭ، އެހެންނޫނަސް އޭނަ ވަރަށް ދަރިފުޅުގެ ވާހަކަ އެއްވެސް މީހެއް ކައިރީ ނުދައްކާނެ” ޖާވިދު ހަފްސާގެ ހިޔާލަށް ގެއްލި އިނދެ ބުނަމުންދިޔައެވެ.

“ޖާވިދު، ކިހާ ރަނގަޅު ފުރުޞަތެއް މިއީ، ހަފްސާގެ ވިޔަފާރި އާއި އެދެމައިންގެ ކަންތައްތައް ބަލަހައްޓަން ޖާވިދުއަށްވުރެ ރަގަޅު ދެވަނަ މީހެއް ކޮބާ، ތިގޮތަށް ޖާވިދު އުޅެނިކޮށް ފެންނާނީ ތެޔޮނާށި ކާޅު ގެންދާތަން….ކާކުތަ އެކަހަލަގެ އަންހެނެއް ބޭނުންނުވާނީ، ޖާވިދުގެ ކަމެއް ނޫންނަމަ މިހާރު ބޭބެވެސް ތިކަން ކޮއްފީމުސް” މަނިކު ފާޑަކަށް ހިނިއައިސްފައި އިނދެބުނެލިއެވެ.

ޖާވިދުގެ މޫނުމަތިން ކުއްލިއަކަށް ހާސްކަމާ ކަންބޮޑުވުން ފެންނަން ފެށިއެވެ. އަދި ތުނިތުނިކޮށް ފަޅަންފަށައިފައިވި ތުނބުޅީގައި އަތްހާކާލިއެވެ. އެއްޗެއް ނުބުނެ ވިސްނަން އިންނަ ކަހަލަ ގޮތަކަށް އިނދެ ސައިތަށި ބޮއެ ހުސްކޮށްލިއެވެ.

“ހިނގާދަމާ………މިހެން އިނދެގެން އެއްވެސް ކަމެއްނުވާނެ އެއްނު” ޖާވިދުއަށް ހައްލެއް ފެނުނީކަންނޭގެއެވެ. ތެދުވެ ކައުންޓަރު ދޮށަށް ގޮސް ބިލަށް ފައިސާ ކަނޑާލުމަށްފަހު އަވަސް ފިޔަވަޅުގައި އެތަނުން ނުކުތެވެ. އަދި ސައިކަލު ބަހައްޓާފައިވާ ދިމާލަށް ގޮސް ސައިކަލަށް އަރާ ސްޓާޓު ކޮއްލިއެވެ. މަނިކުއަރަންދެންވެސް ޖާވިދު އިނީ ލަސްވެފައެވެ. ހަމައެރުމާއެކު ސައިކަލު ދުއްވާލައިފިއެވެ.

“ކޮންތާކަށް މިދަނީ” މަނިކު ނޭގޭކަމަށް ހަދާ އަހާލިއެވެ.

“އެގެއަށް މިދަނީ” ޖާވިދު ބުނެލިއެވެ. އޭނަގެ ހަށިގަނޑުގައި އެހެންކަހަލަގެ ބާރެއް އުފެދިފައިވާކަހަލައެވެ.

ރެހާން ގެއަށްދިއުމާއެކު އަލައިނާ އާއި މިޝަލް އެނބުރިދިޔައީ މިޝަލްގެ ކޮޓަރިއަށެވެ. އޭރުވެސް ސިޓިންގ ރޫމު ތެރޭގައި މަލަކާ އާއި ހަފްސާ ވާހަކަދައްކާ އަޑުއިވެއެވެ. އަލައިނާ އާއި މިޝަލްއަށް ދެއްކެނީ ކައްކާފައިވާ ބޮނޑިބަތް އެއްޗާއި ބަކަރި ރިހަގަނޑުގެ ވާހަކައެވެ. އެހާވެސް މީރުވެގެންނެވެ.

އަލައިނާ ބޭނުންވީ ފެންވަރާ ތާޒާވެލުމަށެވެ. އެހެންވެ މިޝަލްގެ ކޮޓަރީގެ ފާހާނާއަށް ވަނީ މިޝަލް ގެންގުޅޭ ތަނުން ތުވާޔެއް ހިފައިގެންނެވެ. އެކޮޓަރި ތެރޭ އީޝަލްގެ ކުޑައެނދު ކައިރީ ދަރިފުޅަށް ބަލަހައްޓައިގެން ހުރި މީކާޢިލް އަލައިނާ ފާހާނާއަށް ވަނުމުން މިޝަލްގެ ގާތަށް ޖެހިލިއެވެ. އަދި މިޝަލްގެ ނިތްކުރީގައި ބޮސްދެމުން މިރޭ އަންނާނަން ކަމުގައި ބުނެލިއެވެ. މިޝަލް އެއްވެސް އެއްޗެއް ނުބުނެ ހިނިތުންވެލުމާއެކު މީކާޢިލްގެ ގައިގާ ބައްދާލިއެވެ. މިޝަލްގެ ހިތުގައި މިއަދު މީކާޢިލް ކުރިކަމަކުންވަނީ ސުވާލެއް އުފެދިފައެވެ. އެކަމަކުވެސް މިރޭ އެދެމީހުން އެކަނިވުމުން ވާހަކަދައްކާނިއްޔޭ މިޝަލްގެ ހިތަށްއެރިއެވެ. މީކާޢިލް މިޝަލް ދުރުކޮއްލުމާއެކު ލޯމައްޗަށް ގެއްލުނީއެވެ.

ހަފްސާމެންގޭ ދޮރުމަތީ ސައިކަލު ޕާކުކޮއްލާފައި އެފޭބީ ޖާވިދުއެވެ. މަނިކު އޭނަގެ ގާތުގައި އެގެއާ ދިމާލަށް ބަލަހައްޓައިގެން ހުއްޓެވެ. އޭނަގެ ސިކުނޑީގައި ކޮންމެވެސް ހިޔާލެއް ހިނގަމުންދަނީ ކަންގައިމެވެ. ޖާވިދު ގޮސް އެގޭ ދޮރުން އެތެރެއަށް ވަނެވެ. ވަނުމާއެކު އޭނައަށް ހީވީ އޭނަގެ ހަށިގަނޑުން ބަރުއެއްޗެއް ނެއްޓިގެން ދިޔަހެނެވެ. ޖާވިދަށް ވިސްނާލެވުނީ ދެނެވެ. އޭނައަށް އައިސް މިވަދެވެނީ ހަފްސާ މެންގެއަށެވެ. އެވެސް މަނިކު ގޮވައިގެންނެވެ. އަވަހަށް ފަހަތަށް ބަލާލެވުނީ މަނިކު ކޮބާތޯއެވެ.

ގޭގެ ދޮރާށިން އެތެރެއަށް އެޅިފައި ބިމުގައި ޖެހުމާއެކު ކުއްލިއަކަށް މަނިކު ފައިނެގިއެވެ. އަވަހަށް ގަމީސް މަތިން އަތުގެ ހިކަނދި މަސްގަނޑުގައި އަތްލެވުނެވެ. އޭރު އޭނަގެ ނިތަށް އަރާފައިވާ ރޫތަކާއިއެކު ދެލޯ ހުރީ ބޮޑުވެފައެވެ. އެމޫނުން ފެންނަނީ ހާސްކަމެވެ. މީގެ ކުޑައިރުކޮޅެއް ކުރިން އެމޫނުމަތިން ފެންނަމުން ދިޔަ ލާނެތް ހިނިތުންވުމެއްވެސް ފެންނާކަށް ނެތެވެ. މަނިކުއަށްވެސް ބަލާލެވުނީ ޖާވިދުއަށެވެ. ޖާވިދު އެވަނީ ހަމަވިސްނުން އައިސްފައިކަން އޭނަ ހުރިގޮތުން އެނގުނެވެ.

ކޮޓަރީގައި ޓީވީ ބަލަން އިން މިޝަލް ދިޔައީ ސިއްސައިގެންނެވެ. ކުޑައެނދުގައި އޮތް އީޝަލް ހީވީ ބިރެއްފެނިގެން ރޯންފެށިހެނެވެ. ފާހާނާގައި ހުރި އަލައިނާވެސް ތުވާލި އަނދެލައިގެން ފާހާނާއިން ނުކުތެވެ.

“ކިހިނެއްވީ” އަލައިނާ އަށް އަވަހަށް އަހާލެވުނެވެ.

“ނޭނގެ” މިޝަލް ދަރިފުޅު ނަގާ މޭގައި ޖައްސާލަމުން ބުނެލިއެވެ. މިޝަލްގެ ހަށިގަނޑު ފިނިވެގެންދިޔައެވެ. ހިތަށް ކުއްލިއަކަށްވީ ގޮތުންނެވެ. ދަރިފުޅު އުރާލިއިރު އޭނަގެ އެތުއްތު ހަށިގަނޑު ހޫނުކަމުން ހީވަނީ ފިހިދާނެހެނެވެ. ރުއިމުގެ ތެރެއިން މިޝަލްއަށް އީޝަލްގެ ލޮލުގެ ކަޅިފެނުމާޢެކު އަދި ވަކިން މޭގެތެރޭ އެކުއްޖާ ފޮރުވާލިއެވެ. އީޝަލްގެ ދެލޮލުގެ ކަޅިވަނީ ފެހިކުލައިން ދިއްލިފައެވެ. މީކާޢިލްގެވެސް ހުންނަ ގޮތަށެވެ. މިޝަލް ނާނާ ކިޔަމުން ދަރިފުޅު ގޮވައިގެން ކޮޓަރި ތެރޭ ދެކޮޅަށް ހިނގަންފެށިއެވެ. ވެގެން އުޅޭގޮތެއް ނޭގޭތީ އެހިތުގައި އުފެދެމުންދިޔަ ބިރުވެރިކަން އިތުރުވިއެވެ. ތުއްތު އީޝަލްގެ ރުއިމަށް ބަދަލެއް ނާދެއެވެ. އެވަގުތު ސިޓިން ރޫމުގައި ތިބި މަލަކާ އާއި ހަފްސާވެސް ދުވެފައި ކަހަލަ ގޮތަކަށް އައިސް މިޝަލްގެ ކޮޓަރިއަށް ވަނެވެ. އެމީހުންގެ ފަހަތުން ސާޝާ އައެވެ.

“މަގޭ ދަރި، އަނެއްކާ ވެއްޓުނީތަ” މަލަކާ ކޮޓަރިއަށް ވަންނަމުން ހާސްވެހުރެ އަހާލިއެވެ.

“ނޫން….ނޭނގެ ކިހިނެއް ކަމެއްވީ، ހަމަ ކުއްލިއަކަށް ރޯންފެށީ، ނުލާހިކު ރީތިކޮށް ނިދިފައޮތީވެސް” އެހެން ބުނިއިރު މިޝަލްގެ އަޑުގައި ތުރުތުރެއް ހުއްޓެވެ. ހާސްވެ ކަންބޮޑުވެގެންގޮސް އޭނަގެ ލޮލުން ކަރުނަ ހިލެނީއެވެ.

“ދީބަލަ މަންމަ އަތަށް، ހުއްޓާލަފާނެ” ހަފްސާއަށް މިޝަލްއަށް ވަމުންދާ ގޮތް ފެނުމުން ބުނެލިއެވެ. މިޝަލް ހަމަ ޖައްސާލުމަށްޓަކައެވެ. އެހެނީ އެކުއްޖާ ރޮނީވެސް މީހުން ހާސްވެ ކަންބޮޑުވާގޮތަށް ވިއްޔާއެވެ.

“ހާދަ ހޫނޭ…ހުން އައީ ކަންނޭނގެ” ހަފްސާ އީޝަލް ގައިގާ އަތްލުމާއެކު ބުނެލިއެވެ. ހަފްސާގެ އަތްނެގުމާއެކު މަލަކާވެސް އަތްލިއެވެ. އަލައިނާ އަވަސް އަވަހަށް މިޝަލްގެ އަލަމާރި ހާވާލަމުން ޓޮޕަކާ ޖިންސަކާ ނަގާ ލިޔެވެ.

“ހިނގާ ހޮސްޕިޓަލަށް ގެންދަމާ” އަލައިނާ ބުނެލިއެވެ.

“ނޫން….ނޫން….” މިޝަލްއަށް ދަރިފުޅުގެ ގައިގާ ބާރަށް ހިފަހަޢްޓާލަމުން މޭގައި ބޮނޑިކޮއްލިއެވެ. އަދި ކުރިއެކޭ އެއްގޮތަށް ކޮޓަރި ތެރޭ ދެކޮޅަށް ހިނގަންފެށިއެވެ. މިޝަލްއަށް މީކާޢިލްގެ ނަންކިޔާލެވުނެވެ. އަދި ދަރިފުޅު ގޮވައިގެން ކުޑަދޮރާ ދިމާލަށް ދެވުނެވެ.

ކުރިއަށްއެޅި ފިޔަވަޅު ފަހަތަށް އަޅާލުމާއެކު މަނިކު މަގުގެ ދެފަރާތަށް ނަޒަރު ހިންގާލިއެވެ. އަނެއްކާވެސް ފަހަތަށް ދެތިންފިޔަވަޅު އަޅާލީ ބިރުގަންނަ ޒާތުގެ އެއްޗެއް ފެނިގެން މީހާ ފަހަތަށް ޖެހުނުހެނެވެ. އޭރު އެގޭތެރޭގައި މަނިކުއަށް ބަލަން ހުރި ޖާވިދުއަށް ކުޑަކުއްޖެއްގެ ރުއިމުގެ އަޑުއިވިއްޖެއެވެ. ހައިރާންކަމާއެކު ގޭގެ މައްޗަށް ޖާވިދަށް ބަލާލެވުނެވެ. އެވަގުތު މަނިކު ޖާވިދުއަށް ގޮވާލިއެވެ. އަވަހަށް ބޭރަށް ނުކުތުމަށެވެ. ޖާވިދުހުރީ ހާސްކަމެއްގެ ތެރޭގައެވެ. އެތަކެއް ސުވާލުތަކެއް އޭނަގެ ސިކުނޑިއަށް އަރާފައިބަމުން ދިޔައެވެ. އޭނަ އެއްފަހަރު މަނިކުއަށް އަނެއްފަހަރު ގޭގެ މަތީބުރިއަށް ބަލާލައެވެ. ޖާވިދު ކޮންމެވެސް ކަމަކާއިމެދު ވިސްނަނީއެވެ. އަނެއްކާވެސް އޭނައަށް އިވުނީ މަނިކުގެ ހަރުކަށިއަޑެވެ. ހަމަމިހާރު ވަގުތުން އެގެއިން ނުކުތުމަށް އޭނަ ބުންޏެވެ. ޖާވިދު ސިހިފައި އަވަސް ފިޔަވަޅުގައި އެގެއިން ނުކުތެވެ.

“ކިހިނެއްތައް ވީ މަނިކުބޭ” ޖާވިދު ހަފްސާމެން ގެއިން ނުކުންނަމުން ބުނެލިއެވެ. މަނިކުގެ މޫނުމަތިން ފެންނަމުން ދިޔަ ހާސްކަން ޖާވިދުއަށްވެސް ފެނެއެވެ.

“އަވަހަށް ސައިކަލަށް އަރާ…ހިނގާ، ހިނގާ އެހަށް މިތަނުން ދަމާ…….” މަނިކު ޖާވިދުއަށް ބުނެލިއެވެ.

ޖާވިދު ސައިކަލަށް އަރާ އިސްޓާޓް ކުރިއިރު މަނިކު އިނީ އޭނަގެ ފަހަތަށް އަރައެވެ. އެމީހުން ދުއްވަމުން ގޮސް ނުކުތީ ހުޅުމާލޭގައި މަސްފިހުމަށް ހާއްސަކޮއްފައި އޮންނަ ހުސްބިމަށެވެ. އޭރު އެތަނުގައި ޒުވާން ދެތިންކުއްޖެއް އުޅޭތަންފެނެއެވެ. އެތަނުގައި މަގާކައިރިއަށް ސިމެންތިން އަޅާފައިވާ ކުޑަ އަށްޓެއްގޮތަށް ހުރި ތަނެއްގައި މަނިކު އިށީނެވެ. އެއީ ދެމީހުން އިށީނުމަށް ހަދާފައިހުރި އަށްޓެކެވެ. ޖާވިދު މަނިކުގެ ކުރިމަތީ ދެކޮޅަށް ހިނގާލަ ހިނގާލަ ހުއްޓެވެ.

“މަނިކުބޭ، އަހަރެން ހުޅުމާލެއަށް އައީ ހަފީ މެންގެއަށް ދާކަށް ނޫނޭ………މަނިކުބެ ބުނެގެން ހުޅުމާލެ ދައްކާލަން ހަމައެކަނި، ދެން އަހަރެންގޮސް އެގޭތެރެއަށް ވަދެވުނު ގޮތެއް އެއީ ހަމަ އަޖައިބެއް، ގޭތެރެއަށް ވަދެވުމުން އަހަންނަށް އިހްސާސްވެސް ކުރެވުނީ މިވަދެވެނީ ހަފީމެންގެއަށްކަންވެސް….ދެން އަނެއްކޮޅުން މަނިކުބެއަށް ކިހިނެއްތަވީ، ޖަހާ އަޑުގަދަކޮއްލާފި އަހަރެން އެގެއިން ނުކުންނާށޭ ކިޔާ…” ޖާވިދު އަދިވެސް ވިސްނަނީއެވެ.

“ކަލޯ، ކިހާ ދުވަހެއް ވެދާނެތަ ކަލޯ އެގެއަށް އަންނަތާ؟” މަނިކު އެންމެ ފުރަތަމަވެސް ކުރީ ސުވާލެކެވެ.

“ކިހިނެއްވީ އަނެއްކާ، އަހަރެން ބުނީމެއްނު ހަފީގެ ވާހަކަ އިތުރަށް ދައްކާކަށް އަހަރެން ބޭނުމެއްނޫނޭ، މަނިކުބެއަށް ހުޅުމާލެ ބަލާލެވިއްޖެޔާ ދެން ހިނގާ މާލެ ދަމާ” ޖާވިދު ހިތްހަމަ ނުޖެހިގެން ބުނެލިއެވެ.

“ބޭބެ މިފަހަރު މިހެން މިއެހީ ޖާވިދުއަށް ހެވަކަށް……………..އެއީ މީހުންވަންނަވަރުގެ ގެއެއްނޫން..” މަނިކު އިސްޖަހަލައިގެން އިނދެ ދެފަރާތަށް ބޯހޫރުވާލިއެވެ.

“މަނިކުބޭ، އަހަންނަށް އިނގެއޭ މަނިކުބެ އަހަންނަށް ހެޔޮއެދޭކަން، އެކަމަކުވެސް ދެން ހަފީގެ ވާހަކަ ނުދައްކާ……” ޖާވިދު އެހެން ބުނެލަމުން މަނިކުގެ ކަނާތްފަރާތުގައި އިށީނެވެ.

“ޖާވިދު ގަބޫލު ކުރަންތަ ޖިންނީން އަހަރުމެންނާއެކު އުޅެފާނެކަމަށް؟” މަނިކު އެހެން އަހާލީ ޖާވިދުއާއި ދިމާލަށް ބަލަހައްޓައިގެން އިނދެއެވެ.

“އަހަރުމެން ނޫނަސް ދުނިޔޭގައި އެހެން މަޙުލޫގުން އުޅެއޭ، އެއީ އެއްވެސް މީހަކަށް އޮޅިފަ އޮންނާނެ ކަމެއްނޫނެއްނު، އެހެން ނޫނަސް މަނިކުބެ ބުނަން ތިއުޅެނީ ކީކޭތަ؟ ނިކަން ސާފުކޮށް ތިބުނަން އުޅޭ އެއްޗެއް ބުނެބަލަ” ޖާވިދު އޭނަގެ ނިތަށް އަރުވާލި ރޫތަކާއިއެކު ބުނެލިއެވެ.

“އެގެއަކީ ޖިންނީންގެ ޖަގަހައެއް………..” މަނިކު އިންގޮތަށް އިނދެ ބުނެލިއެވެ.

“މަނިކުބޭ………ތިބުނާ އެއްޗެއް އަހަންނަށްކަށް ނުވިސްނުނު” ޖާވިދުގެ މޫނުމަތިން ފެންނަނީ ހައިރާންކަމެވެ.

“އެގެއަށް ވަންނަނީ އާދައިގެ ޖިންނީންގެ ތެރޭ މިއުޅޭ ކަހަލަ ޖިންނީންނެއްނޫން……..އަހަރެން އެގެއަށް ވަންނަން އުޅުމުން އަޑެއްނީވޭތަ އެގޭގައި އޮތް ކުޑަކުއްޖަކު ރޯންފެށިއަޑެއް………..ޔަގީން، ޔަގީން ކޮންމެވެސް ކަންތައްގަޑެއް އެގޭގައި އެބަހިނގާ………އަހަރެން ބޭނުމެއްނޫން އެގެއަށް ޖާވިދު ދާކަށް” މަނިކު ވިސްނަން އިނދެބުނެލިއެވެ.

“އަހަރެންވެސް އަޑުއެހިން ކުޑަކުއްޖެއްގެ ރުއިމުގެއަޑު، އެކަމަކު އެގޭގައި ކުޑަކުއްޖެ ނުހުންނާނެ، ކީއްވެ އެހެންވާންވީ؟ އެގެ އޮންނަނީކީ ފަޅުވެފައެއްވެސްނޫން، އަނެއްކާ ހަފީމެން ދެމައިންނަށް ކަމެއްވާންތަ އެއުޅެނީ، މަނިކުބޭ، ދެން ކިހިނެއް ހަދާނީ…….އެމީހުންނަށް ދެރައެއްލިބޭކަށް އަހަރެން ބޭނުމެއްނޫން…………..” ޖާވިދު ކުއްލިއަކަށް ހާސްވިއެވެ.

“އެމީހުންނަށް ގެއްލުމެއް ދޭންކަމެއްވެސް، ނޫނީ އެހެން ބޭނުމެއް އޮވެގެންކަމެއްވެސް ބޭބެއަކަށް މިވަގުތު ބުނާކަށް ނޭގެ…………އެކަމަކު އެގެއަށް ވަދެވިއްޖެއްޔާ ވެގެން އުޅޭގޮތެއް އޮޅުންފިލާފާނެ…………” މަނިކު ބުނެލިއެވެ. އޭރު ހަފްސާމެންގެއާއި ދޭތެރޭ މަނިކުގެ ހިތުގައި ޝައުގުވެރިކަން އުފެދެމުންދިޔައެވެ. އަމިއްލަ ބޭނުއްމެއްވެސް އޮވެގެންނާއިއެކުއެވެ.

“ހިނގާ އެގެއަށް ދާން………އެކަމަކު މަނިކުބެ ތިބުނި ހުރިހާ އެއްޗެއް ހަފްސާ ގާތު ބުނަންވާނެ” ޖާވިދު ތެދުވަމުން ބުނެލިއެވެ. އޭނަގެ ހިތްވަނީ އަވަސްވެފައެވެ.

“މިރޭ މިކޮޅުގަ އިޝާ ނަމާދުކޮއްލައިގެން ބޭބެ ބުނާތަނަކަށް ގޮސްލާފަ އެގެއަށްދާނީ……….އެހަށް ހިނގާ ދެން ދުއްވާލަން” މަނިކު ބުނެލިއެވެ.

“އެވާނީ ފޫޅަށް ވައިއެރީކަމަށް، ކުޑަކޮށް ހޫނުކޮއްލީމަ ރަގަޅުވެދާނެ” މަލަކާ ހަފްސާގެ ކޮޓަރިއަށް ވަންނަމުން ބުނެލިއެވެ.

“އަހަރެން ކިރިޔާ ބިރުން ހަލާކުނުވީ……އެހާބާރަށް އަދި އެމަންޖެ ނުވެސް ރޮއޭ، އެހެންވީމަ ކަންތައްވެސް ބޮޑުވާނެއެއްނު” ހަފްސާ ބުންޏެވެ.

މަލަކާ އިނީ ގެއަށްދާން ބޭނުންވެފައެވެ. ފެންވަރާލައިގެން އަސުރު ނަމާދަށް އަރާލުމުގެ ނިޔަތުގައެވެ. ހަފްސާ އަށް އެކަން އެނގުނެވެ. އޭނަ މަލަކާއަށް މިއަދު ފޯރުކޮއްދިން އެހީތެރިކަމަށް ހާސްފަށުން ޝުކުރުއަދާ ކުރިއެވެ. އަދި މަލަކާ ގެއަށް ފޮނުވާލީ ޓެކްސީއެއްގައެވެ. ކިތަންމެ ކައިރިކަމުގައިވިސްއެވެ. ޓެކްސީގެ ފައިސާދެއްކީވެސް ހަފްސާއެވެ. ހަފްސާގެ ހިތުގައި މަލަކާއަށް ރަގަޅު ހަދިޔާއެއް ދިނުމުގެ ޝައުގުވެރިކަން އޮތެވެ. އެއީ އެފަދަ ރަނގަޅު ރަޙްމަތްތެރިއަކާއި އަބަދަށްވެސް ގުޅުން އޮންނަން ހަފްސާ ބޭނުންވާތީއެވެ.

އަލައިނާ އާއި ރެހާން އޭރުވެސް ތިބީ މިޝަލްގެ ކޮޓަރީގައެވެ. އޭނަގެ އެނދުމަތީއެވެ. އީޝަލްގެ ރުއިމާއެކު ހާސްވި އަލައިނާ އެންމެ ފުރަތަމަވެސް ގުޅީ ރެހާންއަށެވެ. އޭރު އައިގޮތަށް ރެހާން ދެން އަލައިނާ ނުލާ ދާކަހަލަގެ ހިޔާލެއް ނުކުރިއެވެ.

ރެހާންގެ މޭގައި ކުޑަކުޑަ އީޝަލް ބައިންދާލައިގެން ރެހާން އޮތްއިރު އޭނަގެ ގާތުގައި ކުރުއަތްމައްޗަށް އަލައިނާ އޮތެވެ. ފެންވަރައިގެން ނުކުތްގޮތަށް ރީތިވާންވެސް ނޭގިފައި މިޝަލް ހުރީ ކުޑަދޮރުގެ އެއްފަރާތުގައި މަގުމައްޗަށް ބަލަހައްޓައިގެންނެވެ. އަދިވެސް ކަންފަތުގައި އީޝަލްގެ ރުއިމުގެ އަޑު ހަރުލާފައިވާކަހަލައެވެ. އެގޮތަށް އިޝާލް ކުއްލިއަކަށް އެހާބާރަށް ރޮއެގެންފައި ހަމަކުއްލިއަކަށް ހުއްޓާލަފާނެ ބާއޭ މިޝަލްގެ ހިތް ސުވާލުކުރަމުންދިޔައެވެ. އީޝަލްއަކީ އެހެން ކުދިންކަހަލަ ކުއްޖެއްނޫނެވެ. މިވަގުތު މީކާޢިލް ކޮބާބާއޭވެސް މިޝަލްގެ ހިތަށްއަރަމުން ދިޔައެވެ.

“ޝެބީ………އަހަރެން ދަންތަ އީއްކޮ ގޮވައިގެން ދުއްވާލަން” ރެހާން އަހާލިއެވެ.

ހިނިތުންވެލަމުން ރެހާންއާއި ދިމާލަށް އެނބުރުނު މިޝަލް ބޯޖަހާލީ އާއެކޭ ބުނުމުގެ ގޮތުންނެވެ. އެކަމަކު އޭނަގެ ހިތުގައި އެކަމާއިމެދުވެސް ވަނީ ސުވާލުއުފެދިފައެވެ. އީޝަލް ބޭރަށް ނެރުމަކީ ރަގަޅު ކަމެއްބާއެވެ. އޭރު ހަވީރު ފަހެއްވެސް ޖަހައިފިއެވެ.

“އަހަރެން އީޢްކޮ ރީތި ކޮއްލާނީ، ދޯ އީއްކޮ” އަލައިނާ ތެދުވަމުން ބުނެލިއެވެ. އެކަކަށްވެސް މިޝަލްގެ މޫނުމަތީގައިވި ހިނިތުންވުމުން ފޮރުވަމުންދާ ހާސްކަމެއް ނުފެނެއެވެ.

“އީއްކޮ ތިއްތިވާއިރު މަންމަ މިހިރީ  ހަޑިކޮއްދޯ……..” އަލައިނާ ކައިރީގައި ހުރި މިޝަލްގެ ކޮނޑުގައި އެލިގަންނަމުން ބުނެލިއެވެ.

ރެހާން ގެ ކުރިމައްޗަށް މެޔާހިސާބުގައި އީޝަލްއިނެވެ. މިޝަލް ރެހާންގެ ފަހަތުން ސޭފްޓީ ބެލްޓު ހެޔޮވަރު ކޮއްލިއެވެ. އަދި ރެހާން ސައިކަލުގައި ގޮސް އޮބާލިއިރުވެސް މިޝަލް އާއި އަލައިނާ ތިބީ އެދިމާލަށް ބަލަހައްޓައިގެންނެވެ.

އިރުއޮއްސުމުގެ އަސަރުތައް އުޑުމަތިން ދައްކާލައިފިއެވެ. ރަތްވިލާތަކުގެ ތެރޭގައި މިހާރު ހީވަނީ ބޮޑު އަލިފާން ގުޅައެއްވާހެނެވެ. އެދިމާލަށް ބަލާލަންވެސް ނުކުރެއެވެ. ދެލޮލުގައި އެހާ ކުޅަދާނަކަންނެތީއެވެ. އެހެންވެ މަގޫގަސްތަކުގެ ތެރޭކޮޅަށް ހުރި ޖާވިދު ހުރީ އިސްޖަހާލައިގެންނެވެ. އެކަމަކު މަނިކުހުރީ އޮއްސެމުންދިޔަ އިރާދިމާލަށް ހުއްޓިއެވެ. ކަށިމައްޗާ ހަމައަށް އޮޅާލެވިފައިވާ ފައިކުރި އާއިއެކު ރާޅުޖަހާ ހިސާބުގައި ފައިވަޅުލައިގެންނެވެ. އޭނަގެ އަތުގައި އަތިރިމަތިންނެގި ގައުކޮޅު ތަކެއް ހުއްޓެވެ. އަދި އަނެއްއަތުގައި މަގޫފަތުގެ ތިންފަތް އޮތެވެ. މަނިކު ތުންތަޅުވަމުން މަގޫފަތުގެ ފަހަރަކު ފަތެއްނަގާ އޮއްސެމުން ދިޔަ އިރާދިމާލަށް ދިއްކޮލައެވެ. މިގޮތަށް ފަސްވަރަކަށް މިނެޓު ފަތް ހިފަހައްޓައިލައިގެން ހުރުމަށްފަހު ކޮންމެފަތެއްވެސް ވާތްފަރާތަށް ފޮޅާލައެވެ. ފޮޅާލުމަށްފަހު ތަންކޮޅެއް ކުރިން އަތިރިމަތީ ދޮންވެލިގަނޑު މަތިން ނެގި ފަންވަތެއް ނޮޅާލުމާއިއެކު އޭގައި އިން އިލޮށި ވަނީ މަނިކު ނަގައިފައެވެ. އަދި އެއިލޮށީގެ ފަލަކޮޅުން ބިންދާލުމަށްފަހު އެލީ ގަމިސް ޖީބަށެވެ. މިހާރު އޭނަ އެއިލޮށިކޮޅު ބޭނުންއެކުރަނީ އެފަތްތަކުގައި ކޮންވެސް އެއްޗެއް ލިޔާށެވެ. އަދި ކޮންމެ ފަތެއްގައި އެލިޔާ އެއްޗެއް ލިޔުމަށްފަހު ރާޅުޖަހާ ހިސާބުން ފަތް މޫދައްދޫކޮއްލަނީ އަތުގައި އޮތް ގައުކޮޅުތަކުން ގައުކޮޅެއް ލާފައެވެ. މަނިކު އިރުފެނުގައި ޖެހުމާއެކު ވެލިގަނޑުގެ ތެރޭ ވަޅުލެވިފައިވާ ފައިނަގަމުން ފަހަތަށް ޖެހެންފެށިއެވެ. އޭރުވެސް އޭނަގެ ތުންތެޅުވުމެއް ނުހުއްޓެއެވެ. މަނިކު ހުރިގޮތަށް ހުރެ ފަހަތަށް ޖެހެމުންގޮސް އޭނަ ހުއްޓުނީ ރާޅުބީއްސާލުމުން އޭނަގެ ފައިގާ ނުޖެހޭހިސާބުގައެވެ. އަދި އޮޔާދާ ތިންފަތަށް ބަލަހައްޓައިގެން ހުއްޓެވެ. ބަލަބަލާ ހުއްޓާ ދެވަނައަށް އޮތްފަތް ކުރިއަރައިފިއެވެ. ނަމަވެސް މާދުރަކަށް ނުދިޔައެވެ. ޖެހިބޮޑު ރާޅާއެކީ އެފަތްގަންބާލައިފިއެވެ. ހީވީ ބަޑިއެއް ޖެހިހެނެވެ. އެއަޑަށް ދުރުގައި ހުރި ޖާވިދުވެސް ދިޔައީ ސިއްސައިގެންނެވެ. ޖާވިދަށް މަނިކުއާއި ދިމާލަށް އެވަގުތު ބަލާލެވުނެވެ. މަނިކު ހުރިދިމާ ތިރިން ދޮންވެލި މުށެއްނަގާ މޫދާދިމާލަށް އުކާލިއެވެ. ލޮނުގެ ތެރެއިން ހިއްލާލި ކަޅު ބޮޑު ބޮލެއް ފެނުނެވެ. އިސްތަށިގަނޑެއް އަނގައެއް ނޭފަތެއް ތަނެއް ވަތްކެއް ނުވެއެވެ. ފެންނަނީ ހަމައެކަނި ދެލޮލެވެ. ކަޅިއެއްނެތެވެ. މުޅިލޯ ހުރީ ހުދުވެފައެވެ. މިމަންޒަރު ފެނުމާއެކު އަނެއްކާވެސް މަނިކު ވެލިމުށެއްނަގާ ޖެހިއެވެ. އެއެއްޗެއް މަނިކު ނޫންމީހަކަށް ނުފެނެއެވެ. އެއާއެކު އެބޯ ފެންގަނޑުގެ ތެރެއަށް ގެނބިގެންދިޔައެވެ. އަދިވެސް މޫދަށް ދޫކޮއްލި ތިންފަތުން ދެފަތް ލޮނުގަނޑުމަތީ އޮޔާ އެބަދެއެވެ. ނަމަވެސް މިފަހަރުވެސް ވީހަމައެހެންނެވެ. ތިންވަނައަށްވީ ފަތް އޮޔާއައިސް އެއްގަމަށް ލެއްގިއެވެ. ނަމަވެސް އެފަތުގައި ބޭއްވި ގައުކޮޅެއް ނެތެވެ. ފަތްވެސްވަނީ ދެފަޅިވާން ކައިރިވެފައެވެ.

މަނިކުއަށް ރާޅާއެކު އެއްގަމަށްލީ އެންމެ ފަހުފަތްފެނިފައި އަނެއްކާ ވެލިމުށެއްނެގިއެވެ. މިފަހަރު އޭނަގެ ވަށައިގެން އެވެލިމުށް ބުރުވާލިއެވެ. އަދި ދެއަތްމޫނުގައި ޖައްސާލީ ހަމްދުއަޅާއުސޫލުންނެވެ. އެއާއެކު ކުރިއަށް ހިނގައިގަތެވެ. ތެތްވެލިގަނޑުގައި ދެއަތްޖައްސާލުމަށްފަހު ދެއަތްދެއަތާ އުނގުޅާލާފައި ރާޅާއެކު އައި ފަތްނަގާ ބަލާލިއެވެ. އޭރު ދުނިޔެމައްޗަށް ފަނޑުނަމަވެސް އަނދިރިކަމެއް ވެރިވާންފަށައިފިއެވެ. މަނިކު އެތަނަށް އައިފަހުން ފުރަތަމަ ފަހަރަށް ޖާވިދަށް ބަލާލިއެވެ. ޖާވިދު މިހާރު ހުރީ ދެކޮޅަށް ހިނގާލަ ހިނގާލައެވެ. ހީވާގޮތުން އޭނައެހެރީ މަނިކު ނައިސްގެން ލަސްވެފައެވެ. އޭނަގެ މޫނުމަތިންވެސް ފެންނަނީ ހާސްކަމެވެ.

ޖާވިދަށް މަނިކު އޭނައާއި ދިމާލަށް އަންނަތަން ފެނުނެވެ. ޖާވިދުގެ ހިތަށް މަނިކުއަށް އިތުބާރު ކުރަންވީބާއޭވެސް އަރައެވެ. ނޫނީ އޭނަ އެހަދަނީ ހުސްދޮގުބާއެވެ. ޖާވިދު ވަރަށް ފުންކޮށް މަނިކުއަށް ބަލަހައްޓައިގެން ހުއްޓެވެ. މަނިކު އައިސް ޖާވިދުއާއި ގާތްވުމުން ގުދުވެ އޮޅާލާފައިވި ފައިކުރި ނިއުޅާލިއެވެ. އަދި އަތުގައި އޮތްފަތް ދިއްކޮލިއެވެ.

“މީ ކޯޗެއް………” ޖާވިދުއަށް ބުނެލެވުނެވެ.

“މީ ފަތެއްނު” މަނިކުވެސް ކުރުކޮއްލާފައި ބުނެލިއެވެ. ކުރިއަށް ފެންނަން އޮތްމަގަށް ނުކުންނަން ދިޔަ މަނިކުގެ ފަހަތުން ޖާވިދު ދިޔައެވެ.

“އެކަން އިނގެއޭ މަށަށްވެސް، ތީގެން އަހަރެން ކުރަންވީ ކީއްހޭ؟” ޖާވިދު ކުރީ އަނެއްކާވެސް ސުވާލެކެވެ.

“މީގެން އަހަންނަށް ޔަގީންވީ، މީ ޖިންނި ފަރާތުގެ ކަމެއް………އިތުރަށް ދެން އިނގޭނީ އެގެއަށް އަހަންނަށް ވަދެވިއްޖެއްޔާ……..ދެން އިތުރަށް ލަސްކުރާކަށް ބޭބެ ގަސްތެއްނުކުރަން، ޖާވިދު، އިޝާއިން ފައިބައިގެން ސީދާ ދެންދާނީ އެގެއަށް، އިނގިދާނެތާ ދެންވާ ގޮތެއްވެސް………” މަނިކު ހިޔާލަކަށް ގެއްލިފައި ހުންނަފަދަ ގޮތަކަށް ހުރެ ބުނެލިއެވެ.

ޖާވިދު ސައިކަލަށް އަރާ އިސްޓާޓުކޮއްލި އިރުވެސް އޭނަގެ ސިކުނޑީގައިވަނީ ހާސްކަމެވެ. އެތަކެއް ސުވާލުތަކެއް އުފެދި ވާނުވާނޭގިފައެވެ.

“މަނިކުބޭ، އަޅެ މަށަށް ތަންކޮޅެއް ރަގަޅަށް ކިޔާދީބަލަ، ވަރަށް ކަންތައްތައް ގޯހީތަ؟” ޖާވިދުގެ ފަހަތަށް މަނިކު އެރުމާއެކު އަނެއްކާވެސް ބުނެލިއެވެ.

“ކަލޯ، ގޯހީ ގޯސްކަމައްތަ، ކުރިމަތިލަންޏާ ލާންޖެހޭނީ ދޭތިން އެކައްޗަށްކަމަށް ހަދާފައި، ތިންފަތުން އެއްފަތް ސަލާމަތްވީ ކިރިއާ………..އޭރު ދެއްކީމެއްނު އެތާގަ ހުރެފަ، އެކަމަކު އެފަތްވެސް އޮތީ ކިރިއާ ދެފަޅިނުވެ………އަހަންނަށް މައުލޫމާތު ލިބުނު ގޮތުގަ އެއީ އިންސާނުންގެ ތެރޭ އާމުކޮއް އުޅޭ ޖިންނީންގެ އެއްޗެއް ނޫން………..ހީވާ ގޮތުން ރަސްމަތިފުއް އެއްޗެއް……..އަހަރެންގެ ހަޔާތުގަ އަދި މިފަދަ ކަމަކާ ކުރިމައްޗެއް ނުވޭ………….” މަނިކު ބުނެލިއެވެ.

“ހަފްސާ…………” ޖާވިދުއަށް މަޑުމަޑުން ބުނެލެވުނެވެ.

ރެހާން އީޝަލް ގޮވައިގެން ގެއަށް އައިއިރު އޮތީ ނިދާފައެވެ. ހަވީރުގެ ފިނިޖެހިލުމުން ނިދުނީއެވެ. ރެހާން އެކަމާ ޝަކުވާކޮއްލިއެވެ. ސައިކަލުގައި މާދުރަށް ނުދެވެނިސް އީޝަލްއަށް ނިދުނީމައެވެ. މިޝަލްގެ އެނދުމަތީ ފޭސް ބުކްއަށް ވަދެ އިން އަލައިނާ ރެހާން އާއި ދިމާކޮއްލިއެވެ. މިޝަލް ރެހާންގެ އަތުން ދަރިފުޅު ނަގާ ކުޑައެނދުގައި ބާއްވާލިއެވެ. އަދި އެލޯބި ލޯބި ކުޑަކުޑަ މޫނަށް ބަލާލިއެވެ. ބޯބާލާފައި ވުމުން ހީވަނީ ފިރިހެން ކުއްޖެއް ހެނެވެ.

“ސާބަސް މިތިބަ ދެމީހުންނަށް………ކޯޅޭ އިރު ހީވަނީ މީ ކުޑަކުޑަ ދެކުދިންހެންވިއްޔަ” މިޝަލްވެސް އަލައިނާ އާއި ރެހާންގެ ގާތަށް އައިސް، އެނދުމަތިން ތަންކޮޅެއް ހަދާލާފައި އިށިންނަމުން ބުނެލިއެވެ.

“ޝެބީ ތިހެން ބުނާއިރުގަ، އަޅެ ހީވޭތަ މިއީ ވިހައިގެން އުޅޭ އަންހެނެއްހެން……….ފިސާރި ތެދަށް ބުނެބަލަ، ޝެބީ ތިގޮތަށް ދެކޮޅަށް ދުވެދުވެފަ ތިއުޅެނީ ހަމަ ގައިގެ ތަނެއްގަ ރިއްސާވެސް ނުލަނީތަ” އަލައިނާ މިޝަލްގެ ފައިގެ ފަލަމަސްގަނޑުގައި ޖަހާލަމުން އަހާލިއެވެ.

“އާން، ނުވޭ………..އަހަރެން އެއަށްވުރެ ފިޓޭ…………ތިއެއް ނޫނޭ ވެޑިންގެ ކަންތައްތައް ކިހިނެއްތައް އޮތީ؟ ކާޑުގެ ކަންތައްތައް މިހާރު ނިމުނީތަ؟ ދެން ނެތެއްނު ގިނަދުވަހެއް، އެންމެ ތިންދުވަސް އޮތީ…….” މިޝަލް އަލައިނާ އާއި ރެހާން އާއި ދެމީހުންނަށް ބަލާލަމުން ބުނެލިއެވެ.

“ކާޑުތައް ލިބޭނެ މާދަމާ މެންދުރު، ދޯ ލީން” ރެހާން އަލައިނާއާށް ބުނެލިއެވެ.

“އާ ދޯ………….ހެދުމާ ދޭތެރޭ އެންމެ ކަންބޮޑުވަނީ، އަދިވެސް ޝެބީ ނޫޅޭ ހެދުން ފަހާކަށް، ޝެބީވެސް ހުންނަން ވާނީ އަހަރެން ލާހެދުމުގެ ކުލައާއި ގުޅޭ ގޮތަށް ހެދުން ލާފައެއްނު………މިބުނީ މިހާރުވެސް އަހަރުމެން ދެމީހުން ކައިވެނި ކުރާ ވަގުތުވެސް ޕާޓީ ނިމެންދެންވެސް ޝެބީ ހުންނަން ޖެހޭނެ………..” އަލައިނާ ބުނެލިއެވެ.

“އައްދޭ، ތިކުރީ އަމުރެއްތަ……” މިޝަލް ހެމުން އަހާލިއެވެ.

“އަހަރެންވެސް ލީން އާއި އެއްބަސް…………” ރެހާން އަލައިނާގެ އުނގުގައި ބޯއަޅާލަމުން ބުނެލިއެވެ.

“އޯކޭ…..އޯކޭ، އަހަރެން ދާނަމޭ……..ލީން ހިތްހަމަ ޖެހޭ ވަރުވަންދެން މަޑުކުރާނަން، އެކަމަކު ތިދެމީހުންނާއެކު ގެއަކަށް ނުދެވޭނެ” މިޝަލް ލާނެތް ގޮތަށް ހޭންފެށިއެވެ.

“ޝެބީކައިރީ ދާކަށް ނުބުނާނަމޭ، އެހިސާބުން އެޖެހުނީ މަށާ………ދޯ ލީން” ރެހާންވެސް ހެމުން ހެމުން ބުނެލިއެވެ.

“މި ރެހާންވެސް ދޯ” އަލައިނާ ލަދުވެތި ގޮތަކަށް ރެހާންގެ ކޮނޑުގައި ޖަހާލިއެވެ.

“އަހަންނަށް ދެން ހެދުމެއް ނުފެހޭނެ އެއްނު، އެންމެ ތިންދުވަސް ތެރޭ ކާކު ހެދުމެއް ފަހާދޭނީ” މިޝަލް އަލައިނާ އަށް ބުނެލިއެވެ.

“ވެޑިން ޑްރެސް ފަހާމީހާ ގާތު ބުނާނީ…………ޔަގީން އޭނަ ކޮއްދޭނެކަން” އަލައިނާ ޔަގީންކަމާއިއެކު ބުނެލިއެވެ.

މަޤްރިބު ނަމާދުގެ ބަންގި ގޮވުމާއެކު ރެހާން މިޝަލްމެންގެ ގެއިން ނުކުތީ މިސްކިތަށް އަރާ ނަމާދުކޮއްލައިގެން ގެއަށް ދިއުމަށެވެ. އަލައިނާ ރެހާން ނުކުންނަން ދިޔަވަގުތު އޭނަ ބަލާ ތަންކޮޅެއް ލަހުން އައިސްދިނުމަށް އެދުނެވެ. އިރުއޮއްސި ދުނިޔެމައްޗަށް އަނދިރިކަން ވެރިވަމުން ދިޔައެވެ. ނަމަވެސް މީކާޢިލްގެ ހަބަރެއް މިޝަލްއަކަށް ނުވެއެވެ. އަތުގައި އޮތް އުޅާގައި އިރުއިރުކޮޅާ އަތްހާކާލެވެއެވެ. މިއަދާ ހަމައަށް އައިއިރުވެސް އެކަކުވެސް މިޝަލްގެ އަތުގައި އޮތް އުޅައާއި ބޭހޭގޮތުން ސުވާލުކޮއްފަކައި ނުވެއެވެ. ނަމަވެސް އެހަށިގަނޑާ އެންމެ ގާތުގައިވާ މީކާޢިލްގެ ހަނދާނަކީ ހަމައެކަނި އެއުޅައެވެ.

މަޤްރިބު ނަމާދު ނިމުމާއެކު މިސްކިތުގެ ސަފުތައް ރޫޅި ބައެއްމީހުން މިސްކިތުން ނުކުންނަން ފަށައިފިއެވެ. ނަމަވެސް ޖާވިދު އޭނަ އިންތަނުގައި ހަމަޖެހިލައިގެން އިށީނީއެވެ. ސައިކަލުގައި ނުކުމެ އަނެއްކާވެސް ޖެހޭނީ ދުއްވާށެވެ. އެއަށްވުރެ މިސްކިތުގައި މަޑުކޮއްލުން ޖާވިދަށް މާރަގަނޅެވެ. އެކުން ދެނަމާދު ދޭތެރޭގައި މާގިނައިރުތަކެއްވެސް ނެތެވެ. ޖާވިދު ފަހަތަށް އެނބުރިލީ މަނިކު ކޮބާތޯ ބަލާލުމަށެވެ. އެހެނީ އޭނަ މިސްކިތަށް ޖާވިދުއާއިއެކު ވަނެވެ. ނަމަވެސް ސަފުތައް އެއްވަރު ކުރަމުން ދިޔަވަގުތު އޭނައަށް ވީނުވީއެއް ޖާވިދަކަށް ނޭގުނެވެ. މަނިކު މިސްކިތުގެ ދޮރެއް ކައިރީ ހުއްޓެވެ. އޭނަ ކޮންމެވެސް މީހަކާ އެވަގުތުކޮޅުވެސް އަނގަތަޅާލަނީއެވެ. ޖާވިދު އެކަމަކާ ސަމާލުކަމެއް ނުދިނެވެ. އޭނަ މިސްކިތުގައި ހުރި ހަތިމް ތަކުން ހަތިމެއްނަގާ ކިޔަވަންފެށިއެވެ.

ގިނައިރުތަކެއްނުވެ އިޝާ ނަމާދުކޮއްވެސް ނިމިއްޖެއެވެ. މަނިކު ހުރީ ކޮންމެވެސް ވަރަކަށް ޖެހިލުންވެފައެވެ. ނަމަވެސް އޭނަ އެކަންތައްތައް އޮޅުންފިލުވަން ބޭނުމެވެ. އެހެނީ މަނިކަކީ އެފަދަ ކަންތައްތަކަށް ވަރަށް ޝައުގުވެރިކަން ހުންނަ މީހެކެވެ. އޭނަ ކަންވެރިކަން ދަސްކުރީވެސް އެކަމާހެދިއެވެ. އިންސާނުން ނޫން މަޙްލޫގުން އެލޮލަށް ފެންނަން ބޭނުންވާތީއެވެ.

ޕާކުކޮއްފައިވާ ސައިކަލަށް ޖާވިދު އެރުމާއެކު މަނިކުވެސް ކުރިއެކޭއެއްގޮތަށް ޖާވިދުގެ ފަހަތަށް އެރިއެވެ. އެމީހުން މިސްރާބު ޖެހީ ހަފްސާ މެންގެއާއި ދިމާލަށެވެ. ޖާވިދު ހަފްސާ މެންގޭގެ ދޮރުމަތީ ސައިކަލު ޕާކުކޮއްލިއިރު، އެމީހުންނަށް އެތަނަށް އައުމަށް ފަސްމިނެޓުވެސް ނުނަގާނެއެވެ.

މިފަހަރުވެސް ފުރަތަމަ އެގެއަށްވަނީ ޖާވިދުއެވެ. އޭނަގެ ފަހަތުން މަނިކު މަޑުމަޑުން އެގެއަށްވަނީ ވަށައިގެން ހޯދަމުން ކަހަލަގޮތަކަށެވެ. އެއާއެކު ކުރިން އިވުނު ކުޑަކުއްޖެއްގެ ރުއިމުގެ އަޑު މިފަހަރުވެސް އެމީހުނަށް އިވިއްޖެއެވެ. އޭރު އަދި ސިޓިން ރޫމަށް ނުވަދެވެއެވެ. ގޭގެ ތެރެއިން އަޑެއްބަޑެއް ނީވެއެވެ. ހީވާ ގޮތުން ސިޓިން ރޫމުގައި އެކަކުވެސް ނެތީއެވެ.

ސިޓިން ރޫމު ދޮރުމައްޗަށް ހުއްޓުނު ޖާވިދަށް ހީވީ ހަމަ ރަގަޅަށެވެ. އެކަކުވެސް ސިޓިންގ ރޫމުގައި ފެންނާނަކަށް ނެތެވެ. ޖާވިދު ވަންނަން ވެގެން ފައިނަގައިފަވެސް، ވަންނާކަށް ނުކެރުނެވެ. އެހެންވެ ސަލާމް ގޮވާލިއެވެ. ދެތިން ފަހަރަށް ގޮވާލި ފަހުން ގޭތެރެއިން ބޭރު ފިރިހެނެއް ބޯދިއްކޮއްލިއެވެ. އެއާއެކު ޖާވިދު ހަފްސާއަށް ގޮވާލަ ދިނުމަށް އެދުނެވެ. އޭރުވެސް ގޭތެރެއިން އިވެމުންދިޔަ ރުއިމުގެ އަޑު ކަނޑައިގެނެއް ނުދެއެވެ. ހައްތަހާ ހީވަނީ ބާރުވާހެނެވެ. މަނިކު ޖާވިދުގެ ގާތުގައި ސިޓިންގ ރޫމު ފެންނަ ގޮތަށް ހުއްޓިލައިގެން ހުއްޓެވެ.

ހާސްވެ ކަންބޮޑުވުމާއިއެކު ސިޓިން ރޫމަށް ނުކުތް ހަފްސާއަށް ހީވީ އޭނަގެ ފައިދަށުން ބިންގަޑު ތެޅިގަތްހެނެވެ. ކައިރީގައި ހުރި ފާރުގައި އަތްޖައްސާލެވުނީ ބޭއިހްތިޔާރުގައެވެ. ދޮރު ކުރިމަތީހުރި ޖާވިދު ފެނުމުންނެވެ.

“ހަފީ އަހަރެން މިއައީ ވަރަށް ބޮޑު ވާހަކައެއް ދައްކަންވެގެން” ޖާވިދުއަށް ހަފްސާގެ ބަދަލުވަމުންދިޔަ މޫނު ފެނުމާއެކު އަވަހަށް ބުނެލިއެވެ.

“ކޮންވާހަކައެއް” ހަފްސާ ޖާވިދު ގާތު އެތެރެއަށް ވަންނާށޭވެސް ނުބުނެއެވެ. އަދި ކައިރީގައި ހުރި މަނިކުއަށްވެސް ކަޅިއެއް އެއްލިއެވެ.

“ނިކަން ބުނެބަލަ، ކޮން ކުއްޖެއް ރޯއަޑުތައް އެއިވެނީ” ޖާވިދަށް އަހާލެވުނެވެ.

“އެއީ ޖާވިދު އެހާވަރުން އަޅާލަން ޖެހޭ ވަރުކަމެއްނޫން، ކޮންވާހަކައެއް ބުނަން ތިއައީ” ހަފްސާ މިހާރު ހުރީ ޖާވިދުގެ ކުރިމަތީ ހުއްޓިގެނެވެ.

“އަހަރެން ކައިރީ އެތެރެއަށް އަންނާށޭވެސް ނުބުނާނަންތަ” ޖާވިދު ބުނެލިއެވެ. ކައިރީގައި ހުރި މަނިކު ހީވަނީ އޭރުވެސް ދެންމެ ދެންމެ ވަދެދާނެ ހެނެވެ.

“އެތެރެއަށް ނުވަދެ ނުބުނެވޭނެތަ” ހަފްސާ އެއްގޮތަކަށްވެސް މިފަދަވަގުތެއްގައި ޖާވިދު އެގެއަށް ވައްދާކަށް ބޭނުމެއްނޫނެވެ. އޭރުވެސް އީޝަލްގެ ރުއިމުގެ އަޑު އެހިސާބަށް އިވެއެވެ.

ޖާވިދު ހަފްސާ ވަންނާށޭ ނުބުނި ކަމުގައި ވިޔަސް ސިޓިން ރޫމު ތެރެއަށް ވަނެވެ. އޭނަގެ ފަހަތުން މަނިކު ވަނެވެ. މަނިކު ސިޓިން ރޫމުގެ ތެރޭ އެކިކޮޅުކޮޅަށް ހިނގަންފެށިއެވެ. އަދި ޖާވިދަށް އެއްޗެއް ނުބުނެވިގެން އުޅެނިކޮށް މަނިކު ވާހަކަދައްކަން ފެށިއެވެ.

“އެކޮއޭ……..ޖާވިދު ބުނަން އެއުޅޭ އެއްޗެއް ބޭބެ ކިޔާދީފާނަން، މިކިޔާދެނީ މިކަން އެންމެ ފުރަތަމަ އެނގުނުގޮތް، ބޭބެ ޖާވިދު ގާތު އާދޭސްކޮއްގެން މިގެއަށް އައީ، އެއީ ހަވީރުގެ ވަގުތު، އެވަގުތުވެސް މިގެއިން އެކުޑަކުއްޖާގެ ރުއިމުގެ އަޑުއިވުނު، މިހާރުވެސް އެއިވެނީ އެކުއްޖާ ރޯއަޑު، މިގޭ ތެރޭގަ ވަރަށް އެހެންކަހަލަގެ ކަންތައްގަނޑެއް ހިނގާފަ މިވަނީ، އެކުޑަކުއްޖާ އާއި ކޮންމެވެސް ގުޅުމެއް އެބަވޭ” މަނިކުގެ ވާހަކަ މެދުކަނޑާލީ ހަފްސާއެވެ.

“ކީކޭތަ ތިކިޔަނީ، ޖާވިދު މީ ކާކުތަ، މީނަ ގޮވައިގެން މިގެއަށް ތިއައީ ކީއްކުރަންތަ” ހަފްސާ މަނިކު އުޅެމުން ދާގޮތާއި ދޭތެރޭ ހިތްހަމަނުޖެހިގެން ބުނެލިއެވެ.

“ހަފީ، ޕްލީސް ރުޅި ނާދެބަލަ، ހަފީ އަހަންނާ ގުޅެން ބޭނުންނުވިޔަސް އަހަރެންގެ މައްސަލައެއްނެތޭ، އެކަމަކު ހަފީމެންނަށް ދެރައެއްލިބޭކަށް މަށެއް ބޭނުމެއްނޫނޭ…………މަނިކުބެއަކީ ކަންވެރިއެއް، އަހަރުމެންގޭގަ ހުންނަ ވާހަކަބުނީމެއްނު، ކާފައިރުއްސުރެ ގެއަށް އަންނަ ރަޙުމަތްތެރިއެކޭ……….” ޖާވިދު ހަފްސާ ގާތު ސީދާ ސީދާ އޭނަ ބުނަން އައި ވާހަކަ  ބުނާނެ ގޮތެއް ނުވިސްނުނެވެ. ހަފްސާ އެފަދަ ކަންތައްތައް ގަބޫލު ކުރާނެ ބާއޭވެސް ޖާވިދުގެ ހިތަށް އޭރު އަރަމުން ދިޔައެވެ.

“މިގޭތެރެއިން އެއްވެސް އާދަޔާ ހިލާފު ކަމެއް ފާހަގަކުރެވޭތަ؟” މަނިކު ހަފްސާ އާއި ސުވާލުކުރިއެވެ.

“އާދަޔާ ހިލާފު ތިބުނަނީ ކޮންކަހަލަ ކަމެއް” ހަފްސާގެ ޖަވާބުތައް ކުރެވެ. އެހެނީ އޭނަހުރީ ވަރަށް ހިތްހަމަ ނުޖެހިފައެވެ.

“އެއްވެސް ކަހަލަ އަޑެއް އެއްޗެއް އިވޭތަ، ތެލި ތަށި ތަޅުވާއަޑު ކަހަލަ އަޑެއްވިޔަސް، ނޫނީ އުޅޭ އުޅުމުގައި މިގޭތެރޭގައި އިތުރު މީހަކު އުޅޭކަމުގެ އެއްވެސް ކަހަލަ އިޙްސާސެއް ވިޔަސް” މަނިކު ގޭގެ މައްޗަށް ދިއުމަށް އިން ސިޑިއާއި ދިމާލަށް ބަލަހައްޓައިގެން ހުރެ ބުނެލިއެވެ.

“ނޫން، ކޮބާތަ މައްސަލައަކީ……އަދިވެސް ބުނަން އުޅޭ އެއްޗެއް ނުބުނެވިގެން ތިއުޅެނީ ކީއްވެތަ” ހަފްސާގެ ޖުމްލަ މިފަހަރު އަމާޒުވީ މަނިކުއަށެވެ.

“މިގޭތެރޭގަ ރޫހާނީ ބާރެއް އެބައުޅޭ، އަދިއެއް އޭނަ މިގޭ އެކަކަށްވެސް ގެއްލުމެއްނުދޭ. އެކަމަކު މިއީ އޭނަ ދިރިއުޅޭ ތަނެއް…………މަތީގަ ކޮންކޮންބައެއްތަ އުޅެނީ” މަނިކު އަހާލިއެވެ. އޭނަ އަދިވެސް ހުރީ މައްޗަށްދާން އޮތް ސިޑިއާއި ދިމާލަށް ބަލަހައްޓައިގެނެވެ.

ހަފްސާއަށް ބުނާނެ އެއްޗެއް ނޭގުނެވެ. މަނިކު އާއި ދިމާލަށް ބަލަހައްޓައިގެން ހުރެވުނީއެވެ. ބުނާނީވެސް ފަހެ ކީކޭހެއްޔެވެ. އެބުނީ މިގޭގައި ޖިންނިއެއް އުޅޭވާހަކައެވެ. އަނެއްކޮޅުން އެކަން ގަބޫލު ކުރަންވީބާއޭވެސް ހަފްސާގެ ހިތަށްއަރައެވެ.

“އަހަރެން ކިހިނެއް ތިވާހަކަ ގަބޫލު ކުރާނީ، މިގޭގަ ދުވަހަކުވެސް ތިބުނިފަދަ އެއްވެސް ކަމެއްނުވޭ ވިއްޔަ…….” ހަފްސާ ޖާވިދުއާއި ދިމާލަށް އެނބުރުނެވެ.

“ހަފީ އަހަރެންނަށް އިތުބާރު ކުރަންތައް؟” ޖާވިދު އަހާލިއެވެ.

“އާން، އަދި މިހާތަނަށް ކުރަމުން މިއަންނަނީ” ހަފްސާ ބުނެލިއެވެ.

“އެހެންވީރު މަނިކުބޭގެ ވާހަކައަކީވެސް ތެދެއް، އޭނަ އަހަރެން މިގެއަށް ވަނުން މަނާކުރި، އެކަމަކު……އެކަމަކު އަހަންނަށް ކެތެއްނުވާނެ ތިދެމައިންނަށް ދެރަގޮތެއް ވެއްޖެޔާ…….” ޖާވިދުގެ ޖުމްލަ މެދުކަނޑާލީ މަނިކު ބުނިއެއްޗަކުންނެވެ.

“އަހަރެން އޭނަ ގެންނަންތަ………އޭރުން ގަބޫލު ކުރާނަންތަ” މަނިކު ވަރަށް ޔަގީން ކަމާއެކު ބުނެލިއެވެ.

ކޮޓަރީގައި ދަރިފުޅު އުރާލައިގެން ހުރި މިޝަލް ވަރުބަލިވެއްޖެއެވެ. އެކަމަކު އަދިވެސް އީޝަލްގެ ރުއިމަށް ބަދަލެއް ނާދެއެވެ. އެކުޑަކުޑަ ކުއްޖާ ހީވަނީ ރޮއެ ރޮއެ މިހާރު ހިނދިދާނެހެނެވެ. ނުވިތާކަށް ހަފްސާ ބަލާ ދިޔަ އަލައިނާގެ ހަބަރެއްވެސް ނުވެއެވެ. ދެކޮޅަށް ހިނގާލަ ހިނގާލަ ހުރި މިޝަލް ހިނގައިގަތީ ކޮޓަރިން ނުކުތުމަށެވެ. އެވަގުތު ހީވީ މުޅިގެއަށްވެސް ލޮޅުން އަރައިގެން ދިޔަހެނެވެ.

މިޝަލްއަށް ދޮރުކަނީގައި ހިފަހައްޓާލެވުނެވެ. އެވަގުތު ހުޅުވިގެންދިޔަ ކުޑަދޮރުން، ކޮޓަރިތެރެއަށް ވަތް ބާރު ވައިރޯޅިއާއެކު ދޮރުފޮތިގަނޑުގައި ވައިއަޅާލިއަޑު އިވިގެންދިޔައެވެ. އެސްފިޔަޖަހާލާހާ ވަގުތުކޮޅެއްގެ ތެރޭ މިޝަލްހުރީ މީކާޢިލްގެ އަތުގެ ތެރޭއެވެ. މިޝަލްއަށް ބަލާލެވުނީ މީކާޢިލްއަށެވެ. އޭނަގެ މޫނުމަތިން ފެންނަމުންދަނީ ހާސްކަމެވެ. ރުޅިވެރިކަމެވެ. ދިއްލިފައި ހުރި ދެލޮލުން މިޝަލްގެ އަތުގެ ތެރޭ ރޮއެ ރޮއެ އޮތް އީޝަލް ނަގާ އުރާލިއެވެ. އަދި މިޝަލްގެ ގައިގާ ބާރަށް ހިފަހައްޓާލަމުން ގާތްކޮއްލިއެވެ.

“ކިހިނެއްތަ މިވަނީ……….އަހަރެން ބިރުގަނޭ އެބަ………މީކާޢިލް” މީކާޢިލްގެ ގައިގާ މޫނުޖައްސާލައިގެން ހުރެ މިޝަލް ބުނެލިއެވެ.

“ނުކެރޭނެ، އެއްކަމެއް ކުރާކަށްވެސް ނުކެރޭނެ………މިޝަލް ބިރުނުގަނޭ، އަހަރެން މިއައީނު………އަހަންނަށް އިތުބާރުކުރޭ……..އެއްކަމެއްވެސް ނުވާނެ” މީކާޢިލް ހުރީ ދޮރާ ދިމާލަށް ބަލަހައްޓައިގެންނެވެ. އޭނަގެ އަޑުގައި ވަނީ ޔަގީންކަމެވެ.

“ކީކޭތަ މީކާޢިލް ތިކިޔަނީ، ކީއްވެތަ އީޝަލް މިހާވަރަށް މި ރޮނީ……….އަހަރެން އުޅެ އުޅެ ހުއްޓައެއްނުލި، މީކާޢިލް، އަހަރުމެންގެ ދަރިފުޅަށް ކިހިނެއްތައް މިވަނީ” މިޝަލް އަދިވެސް ކަންބޮޑުވެފައި ހުރީ އީޝަލް ރޯވަރުންނެވެ.

“މިޝަލް، އަހަރެން ދައްކާ ވާހަކަ ރަނގަޅަށް އަޑުއަހާ، އަލައިނާ އެބައާދޭ މިކޮޓަރިއާއި ދިމާލަށް، އެއީ މިޝަލްއަށް އޯގާތެރި ރަގަޅު ރަޙުމަތްތެރިއެއް، މިވަގުތު އޭނަ މިގޭގަ ހުރުން މާރަނގަޅެއްނޫން، އޭނަ ކައިރީ ބުނޭ އަވަހަށް ގެއަށް ދާށޭ………..މިގޭން އޭނަ ނެރޭ އަވަހަށް……….މިހެން މިބުނަނީ އަލައިނާއަށް ރަނގަޅަކަށް” މީކާޢިލް މިޝަލްގެ މުލައްދަނޑީގައި ހިފައިގެން ހުރެ ވާހަކަދައްކަމުން ދިޔައެވެ. މިޝަލްގެ ހިތުގައި އެތަކެއް ސުވާލުތަކެއް އުފެދެމުން ދިޔައިރު އެކަމަށްވުރެ މީކާޢިލް ބުނިގޮތަށް ކަންތައްކުރުން އޭނައަށްމާ މުހިއްމު ވިއެވެ. މިޝަލްގެ އަތަށް ދަރިފުޅު ދެމުން މީކާޢިލް އެހެންމީހުންގެ ލޮލަށް ނުފެންނާނޭ ގޮތަށް ހުއްޓެވެ. އޭނަ މިޝަލް އާއި އެތުއްތު ދަރިފުޅާ ދުރަށް އެންމެ ފިޔަވަޅެއްވެސް ނާޅާނެއެވެ. އަޅާކަށް ބޭނުމެއްވެސް ނޫނެވެ.

އަވަސް ފިޔަވަޅުގައި އައިސް މިޝަލްގެ ކޮޓަރިއަށް ވަތް އަލައިނާ ހީވަނީ ބޮޑު ބިރެއް ފެނިފައިހުރިހެނެވެ. އޭނަ އަނގަހުޅުވާލީ ވާހަކަދެއްކުމަށެވެ. އެކަމަކު އަޑެއް ނުނިކުތެވެ. އެއަށްވުރެ އޭނަގެ ހިތްވަނީ ބިރުގެންފައެވެ. އެހިތް ތެޅިނަގާއިރު ހީވަނީ އެހެންފަދަ ކަމެއްހެންނެވެ. ހަފްސާ ހޯދުމަށް ސިޑިން ފޭބި ވަގުތު ސިޓިން ރޫމުގައި ތިބި ދެމީހުން ދެއްކި ވާހަކަ އަކުންނެވެ. އަލައިނާއަށް ހަފްސާގެ ގާތުގައި ވާހަކަދައްކަމުން ދިޔަ ދެމީހުން ދެއްކި ހުރިހާ ވާހަކައެއް އަޑުއިވުނެވެ. އެވަގުތު ހީވީ މޭގަނޑު އަނގަޔަށް އައިހެނެވެ. އެމީހުން ދެއްކި ވާހަކަ ތެދަކަށް ވެދާނެ ބާއޭ އެތަށް ފަހަރަކު އަލައިނާގެ ހިތަށް އެރިއެވެ.

“ލީން، މިވަގުތު އަހަންނާ އެއްވެސް ސުވާލެއް ނުކުރާތި، އަހަރެން ބޭނުންވަނީ ލީން އަވަހަށް ގެއަށް ދާން، އަވަހަށް ރެހާންއަށް ގުޅާފަ ބުނޭ ލީން ބަލާއަންނާށޭ” ހުއްޓުން އަރާފައި ހުރި އަލައިނާގެ އަތުގައި ހިފަމުން މިޝަލް ބުންޏެވެ. އޭރުވެސް މިވަނީ ކިހިނެއްކަމެއް މިޝަލްއަކަށް ނޭގެއެވެ.

“އެހެ…..އެ……އެހެންވީރު އޭ……އޭނަ އެބުނީ…..ތެ….ތެދެއްތަ” އަލައިނާ އަށް ތުރުތުރު އަޅައަޅާއޮތް އަޑަކުން އަހާލެވުނެވެ. މިޝަލްއަކަށް އަލައިނާ އެބުނީ ކާކުގެ، ކޮންވާހަކައެއް ކަމެއް ނޭގުނެވެ. މިޝަލް އަނެއްކާވެސް ތަކުރާރުކޮށް އަލައިނާގެ ކައިރިން އެދުނީ އަވަހަށް ގެއަށް ދިއުމަށް ރެހާންއަށް ގުޅުމަށެވެ. އަލައިނާ އަވަހަށް ގެއަށް ފޮނުވާލަން މިޝަލް މަސައްކަތް ކުރަނީ އެމީހުން ދެއްކި ވާހަކައިގައި ކޮންމެވެސް ވަރެއްގެ ތެދު ވާތީ ކަމުގައި އަލައިނާއަށް ހީވިއެވެ. އަލައިނާ ހީކުރި ގޮތުގައި މިޝަލްއަށް އެމީހުން ދެއްކި ވާހަކަތައް އަޑުއިވުނީއެވެ. އަލައިނާއަށް ލިބިފައި ހުރި ޝޮކާއެކު، ރެހާންގެ ނަންބަރަށް ގުޅޭތޯ މަސައްކަތް ކުރިއެވެ. ދެފަހަރަކު އުޅެގެން ރެހާންއަށް ގުޅުނެވެ.

ސިޓިން ރޫމަށް ނުކުތް އަލައިނާ ފެނުމުން މަނިކު އާއި ޖާވިދު އެމީހުންގެ ވާހަކަތައް މެދުކަނޑާލިއެވެ. މަނިކު އަލައިނާއަށް ބަލާލި ގޮތުންވެސް އަލައިނާ ބިރުން ހަލާކުނުވީ ކިރިޔާއެވެ. އަވަސް ފިޔަވަޅުގައި ނުކުންނަން ދިޔަ އަލައިނާއަށް ހަފްސާގެ އަޑުއިވުނެވެ.

“ދަނީތަ؟ ކޮބާ ޝެބީ…….މަންމައަށް ސަލާމް ބުނައްޗޭ” ހަފްސާ އެހެން އަހާލިއިރުވެސް އޭނަގެ އަޑުގައިވެސް ވަނީ ހާސްކަމެވެ. އެކަން ފޮރުވަން ކުރި މަސައްކަތްވީ ބޭކާރެވެ. އަލައިނާ ޖަވާބުގައި އަވަސް އަވަހަށް ބޯޖަހާލަމުން ނުކުތީއެވެ. އޭނައަށް ހަފްސާ ގެ ހުރިހާ ސުވާލަކަށް ޖަވާބުދޭން ހުންނާނެހާ ހިތްވަރެއްނެތެވެ. ހުދު އޭނަވެސް މިވަގުތު ބޭނުންވަނީ އެގޭން ނުކުންނާށެވެ.

“އެއީ ކޮންކުއްޖެއްތަ؟ މިގަޑީގައި މިގޭގަ އެހެން ބަޔަކު އެބައުޅޭތަ؟” އަލައިނާ ނުކުމެގެން ދިއުމާއެކު ޖާވިދު ހަފްސާއަށް ބަލާލަމުން އަހާލިއެވެ.

“އެއީ ޝެބީގެ އެންމެ ގާތް ރަޚުމަތްތެރިޔާ” ހަފްސާ ޖާވިދުއަށް ބުނެލިއެވެ. އަދި ސޯފާގައި އިށީނެވެ. އޭނަ ވިސްނަނީ އެވެ. ދެން ހަދާނެ ގޮތަކާއިމެދުއެވެ. މަނިކުގެ ވާހަކަތައް ދޮގު ކުރަންވީބާއެވެ. އެކަމަކު މުޅިން އެހެންނެއްވެސް ނުހެދޭނެއެވެ. ގޭތެރޭންނާއި ބޭރުންވެސް އޭނައަށްވަނީ އާދަޔާ ހިލާފު ކަންތައްތަކެއް ފެނިފައެވެ.  އެހުރިހާ ކަމެއްވެސް ގުޅިފައިވަނީ ހަފްސާ ފުރާނައަށްވުރެ ބޮޑަށް ލޯބިވާ ދަރިފުޅާއެވެ. އެގޮތުން އެންމެ ފަހުން އޭނަ ދުއް އަޖައިބަކީ އެދަރިފުޅު އުފަންކުރި މާމަ ދަރިފުޅު މިދުނިޔެއަށް އައިގޮތެވެ. ހަފްސާއަށް ބޭއިހްތިޔާރުގައި މޫނުގައި ދެއަތްއަޅާލެވުނެވެ.

“ޖާވިދު، އޭނަ އެބައުޅޭ މިގޭތެރޭގަ……….ކުޑައިރުކޮޅެއްވެއްޖެ އައިތާ……..” މަނިކު ވިސްނަމުން ބުނެލިއެވެ.

މަނިކުގެ އެޖުމްލައަށް ސިހިގެންދިޔަ ހަފްސާއަށް އެއްފަހަރު މަނިކަށް އަނެއްފަހަރު ޖާވިދަށް ބަލާލެވުނެވެ. ދެން ހަދާނީ ކިހިނެއްހޭ އަހާލާފަދަ ގޮތަކަށެވެ.

“އެކޮއެ، ދެންވެސް ބަލަންވީ އޭނަގެ ކިބައިން ސަލާމަތްވެވޭތޯ………..ނިކަން ބުނެބަލަ، ހަމަ އެއްވެސް ކަމެއްނުވޭތަ” މަނިކު ހަފްސާއާއި ދިމާލަށް އެނބުރިލަމުން ބުނެލިއެވެ.

“ޖާވިދު…ޖާވިދު…މަގޭ…..ދަރިފުޅު” ހަފްސާގެ ދެލޯވަނީ ފެންކަޅިވެފައެވެ. އޭނައަށް މިޝަލްގެ ބަދަލުވަމުން އައި އުޅުމަށް ކުރިން ވިސްނާލެވުނުނަމައޭ ހިތަށްއަރަމުން ދިޔައެވެ.

“އޭނަ ހުރީ މިގޭ މަތީބުރީގެ ކޮޓަރިއެއްގައި” މަނިކުގެ ވާހަކަ ނުނިމެނިސް ޖާވިދު ސިޑިން އަރަން ހިނގައިގަތެވެ.

“ޝެބީ، އޭނަ ބޭނުންވެގެން އެއުޅެނީ ޝެބީ….ހަފީ” ޖާވިދު ދުވެފައި ކަހަލަ ގޮތަކަށް ސިޑިން އަރަންފެށިއެވެ. އޭނަގެ ފަހަތުން ހަފްސާ ދުއްވައިގަތެވެ.

“މަޑުކުރޭ……އެކަކުވެސް އެހަށް މައްޗަށް ގޮސްގެން ނުވާނެ……” މަނިކު ހަރު އަޑުން ބުނެލިއެވެ. އެވަގުތު ބޭރުން ވަދެގެން އައި ސާޝާއަށް ގޭތެރޭގައި މާއަޑުގަދަވެގެން އުޅޭތަން ފެނުމުން ހުރީ ހައިރާންވެފައެވެ. މަނިކު ފެނުމުން މީ ކާކުބާއޭ ސާޝާގެ ހިތަށްއެރިއެވެ. ނަމަވެސް އެމީހުންނާއެކު ހުރި ހަފްސާގެ މޫނާ، އިވެމުންދިޔަ އީޝަލްގެ ރުއިމުގެ އަޑުން ކޮންމެވެސް ކަމެއް ގޯސްވެއްޖެކަން އެނގުނެވެ. ހަމައެއާއެކު އެންމެނަށް އެއްފަހަރާ ސާޝާއަށް ބަލާލެވުނެވެ. މަނިކު އެއީކާކުތޯ ސުވާލު ކުރިއެވެ. ސާޝާއަކީ ކާކުކަން މިފަހަރު ބުނެދިނީ ޖާވިދުއެވެ. މަނިކު މިވަގުތު މަތީގައި ވީ ކާކުތޯ ސުވާލު ކުރިއެވެ. އެސުވާލަށްވެސް ޖަވާބުދިނީ ކެތްތެރިކަން ކުޑަވެފައިވާ ޖާވިދުއެވެ. މަނިކު ސާޝާއަށް ބަލާލާފައި ޖާވިދުގާތު ބުނީ އޭނައަށް ކޮޓަރިން ބޭރަށް ނުނުކުތުމަށް އެންގުމަށެވެ.

ޖާވިދު އަބޭ އާއި ސާޝާއަށް ކަންތައްކުރަންވީގޮތް ކިޔާދިނެވެ. ސާޝާއަށް ވެގެން އުޅޭގޮތް އިނގުނީ ޖާވިދުގެ ފަރާތުންނެވެ. އޭނަ ހުރީ ބިރުން ވިރިވިރިއެވެ. އަބޭއަށް އެންގީ ސާޝާގެ ކޮޓަރީގައި މަނިކު ބުނަންދެން މަޑުކުރުމަށެވެ. މަނިކު ހަފްސާއަށް އެންގީ ފެންތައްޓެއް ގެނައުމަށެވެ. ހަފްސާ ތަށިރެކުގައި  އަޅުވާލާފައި އިން، އާއްމުކޮށް ފެންބޯން ގެންގުޅޭ ތަނުން ތަށްޓަށް ފެންއަޅައިގެން ގެނައެވެ. ނަމަވެސް އެތައްޓެއް މަނިކަކަށް ކަމަކު ނުދިޔައެވެ. ސަބަބަކަށްވީ އޭގައި ކާޓުނު ފާޑުގެ އެކިއެއްޗެހި ކުރަހާފައިވުމެވެ.

“މި ތަށި ކަމަކު ނުދޭ، އެއްވެސް އެއްޗެއްގެ ސޫރައެއް ކުރަހާފައި ނުވާ ތަށްޓެއް ގެނެސްދީ، މިވަގުތަށް އެޅެން އޮތް ރައްކާތެރިކަމެއް އެޅުން އެއީ އެންމެ ބުއްދިވެރިގޮތް…………” މަނިކު ފެންތަށި އަނބުރާ ހަފްސާއަށް ދެމުން ބުނެލިއެވެ.

ހަފްސާއަށް ޖެހުނީ ކަބަޑުން ރީތި ބިއްލޫރިތައްޓެއް އަލުން ނަގަންށެވެ. މިފަހަރު ތަށި ބޮޑު ކަމުގައިވިޔަސް މަނިކު އެއާއި ދޭތެރޭ ހިތްހަމަ ޖެހުނެވެ. އޭނަ ފެންތަށި ހިފައިގެން ގޮސް އިށީނީ ސިޑީ ބުޑުގައެވެ. އެތަނުގައި އިނދެ ކިޔެވެލިތަކެއް ކިޔަވަންފެށިއެވެ. އޭނަ ކިޔާ ނުކިޔާއެއްޗެއް ވަކިވާގޮތެއްނުވެއެވެ. އެހެނީ އަޑެއް ނީވެއެވެ. ފެންނަނީ ތުންތަޅުވާތަނެވެ. އިރު އިރުކޮޅާ ފެންތައްޓަށް ފުމެލާ ތަނެވެ. މިމަންޒަރު ބަލަންހުރި ހަފްސާއަށް ކެތްވަނީކީ ނޫނެވެ. މިޝަލްއަށް ވާނެ ގޮތެއް ހިތަށްއަރާފައެވެ. މީ ކިހިނެއް ކޮންއިރަކު ހިނގިކަމެއްކަންވެސް ހަފްސާ އޮޅުންފިލުވަން ނުހަނު ބޭނުމެވެ. ހަފްސާގެ ގާތުގައި ހުރި ޖާވިދު އިރާދަކުރެއްވިއްޔާ ހުރިހާ ކަމެއްވެސް ވާނީ ރަގަޅަށްކަމަށް ބުނަމުންދިޔައެވެ. އެހެންނަމަވެސް ހަފްސާގެ ހިތަކަށް ކުޑަކޮށްވެސް ފިނިކަމެއް ނުލިބެއެވެ.

މަނިކު ތެދުވެ ސިޑީގެ ފުރަތަމަ ހަރުފަތަށް ފެންތަށިން ފެންފޮދެއް ބުރުވާލިއެވެ. އަދި ހަފްސާ އާއި ޖާވިދުގެ ގާތަށް އައިސް ހުއްޓުނެވެ. އޭރުވެސް އޭނަ ކިޔަވާއެއްޗެއް ކިޔަވަމުންދިޔައެވެ. މަނިކު ތަށީގައި ހުރި ފެނުގައި ޝަހާދަތް އިނގިލި ޖައްސާލާފައި ނަގާ ހަފްސާގެ ކޮންމެ ފައިތިލައެއްގައި ޖައްސާލިއެވެ. އަދި ހަފްސާގެ ވަށައިގެން މަނިކު އެނބުރިލުމަށްފަހު، ހަމަ އެގޮތަށް ޖާވިދަށްވެސް ކަންތައްކުރިއެވެ. މަނިކު ދެން ހިނގައިގަތީ އަނެއްކާވެސް ސިޑިއާއި ދިމާލަށެވެ.

މީކާޢިލް އޭނަގެ ދަރިފުޅު އަނެއްކާވެސް އުރާލިއެވެ. އެއަތުގެ ތެރޭ ދަރިފުޅު ބޮނޑިކޮއްލިއެވެ. އަދި ދަރިފުޅުގެ ކަންފަތް ކައިރީ ކޮންމެވެސް ވާހަކައެއް މީކާޢިލް ދެއްކިތަން މިޝަލްއަށް ފެނުނެވެ. އަދި ކުޑަކުޑަ އީޝަލްގެ ނިތުގަޔާއި ބުރަކަށީގައި ވާ ލަފުގައި މީކާޢިލް އަތްހާކާލިއެވެ. ހަމައެވަގުތު ގަދަ އައްޔަކާއެކު އީޝަލްގެ ރުއިން ހުއްޓާލައިފިއެވެ. އީޝަލްގެ ރުއިން ހުއްޓުނު ކަމުގައިވީނަމަވެސް މީކާޢިލްގެ ކަޅި އާދައިގަ ހުންނަގޮތަށް ބަދަލު ނުވާކަން މިޝަލްއަށް ފާހަގަކުރެވުނެވެ. ލޯބިވާ ބައިވެރިޔާގެ އެސިފައަކީ މީގެ ކުރިން މިޝަލްއަށް ފެނިފައިވާ ސިފައެކެވެ. އެދެމައިންނަށް ނުރައްކަލެއް ކުރިމަތިވާން އުޅެނީބާއޭ ކުއްލިއަކަށް މިޝަލްގެ ހިތަށް އެރީ އެހެންވެއެވެ.

“މީކާޢިލް، ވެގެން އުޅޭ ގޮތެއް ކިޔާ ދީފާނަންތަ؟ އަހަރެންގެ ހިތް ބިރުގަންނަވަރެއް ނޭގޭތަ…….ލީންވެސް އެދެއްކީ ކޮންވާހަކައެއްތަ، އަހަރެން މަންމަ ހޯދަން ދާންވީތަ………….” މިޝަލް މީކާޢިލްގެ ކުރިމަތީ ހުއްޓެމުން އެއްފަހަރާ އެތަށް ސުވާލެއް ކުރަންފެށިއެވެ.

މީކާޢިލް މިޝަލްއަށް ބަލާލަމުން ބޯހޫރުވާލީ އޭނައާއި ދުރަށް ނުދާށޭ ބުނާފަދަ ގޮތަކަށެވެ. އޭނަ މިޝަލްގެ އަތްތިލާގައި ހިފާ ބާރުކޮއްލިއެވެ.

“މިޝަލް، އަހަރެންގެ ލޯބިވާ މިޝަލް…….ދުވަހަކުވެސް ބޭނުމެއްނޫން މިޝަލް އާއި ވަކިވާކަށް، މިޝަލް، ބުނެބަލަ، ކިހާ ވަރަކަށް ލޯބިވޭތަ އަހަރެންދެކެ………އަހަންނާއެކު އުމުރު ވޭތުކޮއްލަން ބޭނުންތަ………..މިލޯބި ލޯބި ދަރިފުޅުގެ މަންމަގެ ގޮތުގައި ހުރެ…………..އަހަރެންގެ އެންމެ ލޯބިވާ އަނބިމީހާގެ ގޮތުގައި ހުރެ” ލޯބިން ފުރިގެންވާ ރާގެއްގައި މީކާޢިލް އަހާލިއެވެ.

“އިރާދަކުރެއްވިއްޔާ މީކާޢިލް އަހަންނާ ވަކިވާކަށް ނުޖެހޭނެ، ދުވަހަކުވެސް ނުޖެހޭނެ، އަހަރެން ދުވަހަކުވެސް މީހެއްދެކެ މިހާވަރަށް ލޯބިނުވަން……….އަހަރެން މީކާޢިލް އާއި ދިމާވީއްސުރެން، އަބަދުވެސް އެކުގައިވާން ހިތްއެދޭ………..އާ މީކާޢިލް، އަހަރެން ހުވާ މިކުރަނީ، އެހެންމީހެއްގެ ހައްޤަކަށް އަހަރެންގެ ހަށިގަނޑުގައި ފުރާނަ ހުއްޓަ ނުވާނަން………މުޅިއުމުރު ބޭނުންވަނީ އީޝަލް އާއި މީކާޢިލް އާއިއެކު ހޭދަކޮއްލަން……………ދަރިފުޅު ބޮޑުވާތަންވެސް ވަރަށް ދެކިލާހިތްވޭ………….ވަރަށް ލޯބިވޭ………..” އެހިސާބަށް ބުނެވުނު އިރު، ލޯތްބާ ކުލުނުން ފުރިގެން ދިޔަ މިޝަލްގެ ހިތް ބަނޑުންވީ ދެލޮލުން ކަރުނަތިކި ތަކެއްގެ ސިފައިގައެވެ. އާއެކެވެ. އޭނަ މީކާޢިލްދެކެ އެހާވެސް ލޯބިވެއެވެ. މީކާޢިލްއަށްޓަކާ އޭނަގެ ހިތާ ފުރާނަ ޤުރުބާން ކުރިކަމުގައިވިޔަސް، އޭނަ މީކާޢިލްދެކެ ވާ ލޯތްބާ އަޅާނުކިޔޭނެއެވެ. މީކާޢިލް މިޝަލް ގެނެސް އޭނަގެ މޭގެތެރޭ ފޮރުވާލިއެވެ.

“ތީ އަހަރެންގެ މިލްކެއް، އަހަރެންގެ ހައްޤެ……ހަމައެކަނި އަހަރެންގެ…..” މީކާޢިލް ބުނެލިއެވެ.

މިޝަލްގެ ކޮޓަރީގެ ދޮރުހުޅުވާލުމާއެކު އެތެރެއަށް ދެމިގަތް މަނިކުއަށް ހުއްޓުންއެރިއެވެ. އަޖައިބުވީ އޭނައަށް އެކޮޓަރީގައި ހުރި ކުޑަދޮރުގެ ކައިރީ ހުއްޓިލައިގެން ކަންބޮޑުވެފައިހުރި އަންހެން ކުއްޖާ ނޫން އިތުރު މީހެއް ނުފެނުމުންވެ. މަނިކުއަށް އެއީ ހަފްސާގެ އަންހެން ދަރިފުޅުކަން އެނގުނެވެ. އޭރު މަނިކުގެ ފަހަތުން ހަފްސާ އާޢި ޖާވިދުވެސް ހުރީ ވަދެއެވެ.

“މިޝަލް، ދަރިފުޅު ރަގަޅުތަ؟ ކޮބާ އީޝަލް…….މިކޮޅަށް އާދެބަލަ” ހަފްސާ ކަންބޮޑުވެ ހާސްވެފައިވާހުރި މިޝަލްގެ ކައިރިއަށް ދިއުމަށް ހިނގައިގަންނަމުން އަހާލިއެވެ. ހަމައެވަގުތު މަނިކު ހަފްސާގެ އަތުގައި ހިފަހެއްޓިއެވެ.

“އޭނަ ކޮބާ؟ އަހަންނަށް އިނގޭ މިޝަލް އެކަންޏެއްނޫންކަން މިކޮޓަރީގަ މިވަގުތު ހުރީ” މަނިކު ސުވާލުކުރީ މިޝަލްއާއިއެވެ.

“މަންމާ މިމީހާ މިކޮޓަރިއަށް ގެނައީ ކީއްވެ؟” މިޝަލް މަނިކުގެ ސުވާލަށް ޖަވާބު ދޭކަށް ބޭނުމެއްނޫނެވެ. އޭނަ މަނިކުއާއި ބެހޭގޮތުން އެހީ ހަފްސާގެ ގާތުގައެވެ.

“ޝެބީ، ދަރިފުޅާ އަވަލައިގެން މިގޭގަ އެބައުޅޭ ޖިންނިއެއް، މަނިކުބެއަކީ ފަންޑިތަވެރިއެއް، އޭނަ ބުނާ ގޮތް ހަދާބަލަ” ހަފްސާ އަވަސް އަވަހަށް ބުނެލިއެވެ.

“ތީ މަންމަ ކައިރީ ކާކު ދެއްކި ވާހަކައެއް……..މިހިރަ މީހާތަ، އެހެންނޫނަސް މަންމަ ކޮންއިރަކު މިކަހަލަ ކަންތައްތައް ގަބޫލުކުރަން ފެށީ” މިޝަލްއަށް ހަފްސާގެ ޖުމްލަތައް އަޑުއިވިފައި ބިރުގަތްކަމުގައި ވިޔަސް މީކާޢިލް އާއި އެއްކޮޅަށް އޭނަ ވާހަކަދެއްކިއެވެ. މިޝަލްއަށް އެވަގުތު ޔަގީންވި އެއްކަމަކީ އޭނަގެ ގާތުގައި ހުރި މީކާޢިލް އާއި އޭނަގެ އަތުގެތެރޭއޮތް އެމީހުންގެ ދަރިފުޅު މިޝަލްއަށް ނޫން އެހެން އިތުރުމީހަކަށް ނުފެންނަކަމެވެ.

“މިޝަލް ނިކަން އަޑުއަހާބަލަ، މަންމަ އަދިވެސް ހަދާނެއްނުނެތޭ ދަރިފުޅު އީޝަލް ވިހޭގޮތެއް، ބަނޑުބޮޑުއިރު އެހެންއަންހެނުންނާއި އެތަށްކަމެއް ދަރިފުޅު ތަފާތުވި، އަނެއްކޮޅުން އީޝަލްގެ ބައްޕައަކީ ކާކުކަމެއްވެސް އަދި އަދަށްދާންވެސް ދަރިފުޅު ނުބުނޭ، މަންމަ ބޭނުމެއްނޫން މިޝަލްއަށް ދެރަގޮތެއް ވާކަށް، އެހެންވެއްޖެޔާ މަންމަ ކިހާ އެކަނިވާނެ……..މަނިކުބެގެ ބަސްއަހާފަ ހުރިހާ ވާހަކައެއް ކިޔާދީބަލަ، އޭނަ ދަރިފުޅުގެ ކިބައިން ބޭނުންވަނީ ކޮންކަމެއްތަ؟” ހަފްސާ ރޮމުން ކަހަލަގޮތަކަށް ބުނަމުން ދިޔައެވެ.

“މަންމާ، އަޅުގަނޑު މިހިރީ ހެޔޮހާލުގައޭ، އިރާދަކުރެއްވިއްޔާ އެކަކަށްއެއްކަމެއްވެސް ނުވާނެ، މިތިބަ ދެމީހުން މިގޭން ފޮނުވާލާ……….އަޅުގަނޑުވެސް މަންމަ ގާތު އާދޭސް މިކުރަނީ، މަންމަވެސް ދެރަވާނެ އަޅުގަނޑަށް ގޮތެއްވެއްޖެއްޔާ، އެކަމަކުވެސް އަދިވެސް މަންމައަށް ޔަގީންކަން މިދެނީ އެއްވެސް މީހަކަށް އެއްވެސް ގެއްލުމެއްނުލިބޭނެ” މިޝަލް ތެޅިތެޅި އޮތްހިތަކާއިގެން ބުނެލިއެވެ. އޭނައަށް މީކާޢިލް އާއިމެދު އޮތްޔަގީންކަމާއި ކުރެވޭހާ އިތުބާރު މިއަދު އޭނަގެ ކުރިމަތީ ފެންނަން ތިބި އިންސާނުންނަށްވެސް ނުކުރެވޭނެއެވެ.

“އަހަންނަކީ ކޮންކަހަލަ މީހެއްކަން އިނގޭއިރުވެސް މިޝަލް ދެކޮޅު ހަދަނީތަ، ނޭގޭތަ އަހަރުމެންނަށް އެސޮރުމެން އަންދާލެވިދާނެކަމެއް……..ނޫނީ ކުރިމަތިލާން ޖެހުލުންވަނީތަ، އަހަންނަށް އެނގޭ މިހާރުވެސް އޭނަ މިތާ އެބަހުރިކަން” މަނިކު ބުނެލިއެވެ. މަނިކުގެ އެއްވެސް ސުވާލަކަށް މިޝަލްގެ ފަރާތުން ޖަވާބެއްނުލިބުނެވެ. އެހެންނޭކިޔާފަ މިޝަލްއާއި ގާތްވާކަށްވެސް މަނިކުއަކަށް ނުކެރުނެވެ.

މީކާޢިލް މިޝަލް އޭނައާއި ގާތްކޮށްލައިގެން ހުރިއިރު މީކާޢިލްގެ ނަޒަރު ގޮސް ހުއްޓިފައިހުރީ މަނިކުއަށާއި އޭނަގެ އަތުގައިވާ ފެންތަށްޓަށެވެ. އެހެން ހުރިއިރު އޭނައަށް އެކޮޓަރީގައި ހުރި ނުފެންނަ އިތުރު މިހާ އާއި ދިމާލަށްވެސް އޭނަދިޔައީ ބަލަމުންނެވެ. މީކާޢިލް މިވަގުތު މަނިކުގެ ވާހަކަތަކަށް ރުޅިއިސްކުރާކަށް ބޭނުމެއްނޫނެވެ. އެހެނީ މަނިކު މީކާޢީލް އާއި ދެކޮޅަށް ހަދާފައިހުރި އެތިފަހަރު އަދި މީކާޢިލް ގުޑުވާލެވޭވަރަށްވުރެ މާބަލިކަށްޓެވެ.

މަނިކުގެ ވާތް ފަރާތުގައި ހުރި އަންހެން އެއްޗެއް މީކާޢިލްއަށް ނޫނީ ނުފެނެއެވެ. މަނިކުއަށް ހުރިހާ ވާހަކައެއް ކިޔާދެނީ އޭނައެވެ. މީކާޢިލް އެއަންހެން އެއްޗާއި ހަތަރުކަޅި ހަމަކޮއްލިއެވެ. އެވަގުތު މަނިކުގެ އަތް ފެންތައްޓާއެކު ތުރުތުރު އަޅައިގެން ދިއުމާއެކު ތަށިތަޅައިގެން ދިޔައެވެ. މަނިކުއަށް ކަމެއް ގޯސްވެއްޖެކަން އެނގުނެވެ. އިތުރަށް މިރޭ އެއްވެސް ކަމެއް ކުރިއަށްގެންދާކަމަށް ވާނަމަ އޭނައަށް ގެއްލުމެއްލިބުމަކީ ގާތުގައި އޮތްކަމެއްކަން ވިސްނުނެވެ. އެހެންވެ އޭނަ ގަސްތުކުރީ މިރެއަށް މިކަންތައްގަނޑު ބަހައްޓާފައި އަވަހަށް ގެއަށް ދިއުމަށެވެ.

“ހީނުކުރާތި އަހަރެން މިވަރުން ދޫކޮށްލަނިއްޔޭ، އަހަރެން މިރޭ މިދެނީ އިންޒާރެއް، ކަލޭ މިއަންހެން ކުއްޖާ ދޫކޮއްލާފަ މިގޭން ނުގޮސްފިނަމަ އަހަރެން ކަލޭ އަންދާލާނަން………….އެހެންވީމަ ކަލެއަށްވެސް ރަނގަޅުވާނީ މިރޭ ސަލާމަތްވެވެން އޮއްވަ ސަލާމަތްވިއްޔާ، ސުލްހަވެރިގޮތެއްގަ ދެން ދޭ” މަނިކު ގޮތްދޫކުރާކަށް ބޭނުމެއްނޫނެވެ. މަނިކުއެހެންބުނީ އޭނަ އާއިހަމައަށް މީކާޢިލްއަށް ވާޞިލުނުވެވޭނޭކަމުގެ ޔަގީންކަން އަމިއްލަ ނަފްސައް އޮތްލެއް ބޮޑުކަމުންނެވެ.

މަނިކުއާއި ދިމާލަށް ބަލަހައްޓައިގެން ހުރި މީކާޢިލްގެ ތުންފަތަށް ފަނޑުހިނިތުންވުމެއް ވެރިވެގެންދިޔައެވެ. އަދި ކުއްލިއަކަށް މަނިކުގެ ގާތަށް މީކާޢިލް ޖެހިލިއެވެ.

“މަނިކާ، ކަލެއަށް އެނގޭ އެންމެވަރުގަދަ މަންތިރިބަހައްޓާ، މަވެސް މިހިރީ ތައްޔާރަށް، މިގޭން ނުކުންނާނީ ކަލޭ ނޫނީ އަހަރެން، މީ އަހަރެން ކަލެއަށްދޭ ނަސޭހަތެއްކަމުގައި ދެކޭ، ބުނަން މަނިކު، އަހަރެން ކަލޭދެކެ ބިރެއްނުގަނޭ، ކަލެއަށް އުނދަގުލެއްނުކުރަން، ވީމަ ކަލޭވެސް ނުބެހޭ ކަންތައްތަކާ ނުބެހި ހުރުން މާބުއްދިވެރި” މީކާޢިލް މަނިކުގެ ކަންފަތްދޮށުގައި ބުނެލިއެވެ. އެވަގުތު މަނިކުގެ ގައިން ހީބިހިނަގައިގެން ދިޔައެވެ. އޭނައަށް މީކާޢިލްގެ ބާރު ކޮންމެވެސް ވަރަކަށް އިޙްސާސްވެގެންދިޔައެވެ.

މަނިކު ނުކުމެގެން ދިއުމާއެކު މިޝަލް އަވަސް އަވަހަށް ކޮޓަރީގެ ދޮރުލައްޕާ ތަޅުލިއެވެ. އޭނައަށް އިތުރަށް ކެތެއްނުކުރެވުނެވެ. ގެންފައިވާ ބިރާއެކު ދެންވާނީ ކިހިނެއްބާއޭ ހިތަށްއެރުމާއެކު މިޝަލްއަށް ރޮވިއްޖެއެވެ. ދޮރުގައި ބޯޖައްސާލައިގެން ހުރި އިރު އޭނައަށް ބާރަށް ރޮވެނީއެވެ. މަނިކުގެ އިންޒާރުން އެމީހުން އެކަން ނުހުއްޓާނެކަންވެސް އެނގެއެވެ. އަނެއްކޮޅުން މީކާޢިލްވެސް ދުލެއްނުކުރާނެއެވެ. މިޝަލް މަންމަ އާއި މީކާޢިލްވެސް ބޭނުމެވެ. މިމަންޒަރު ފެނުމާއެކީ މީކާޢިލް އީޝަލް ކުޑައެނދުގައި ބާއްވާލާފައި މިޝަލްގެ ގާތަށް އެއެވެ. އަދި މިޝަލްގެ ގައިގާ ފުރަގަހުން ބައްދާލިއެވެ. އެވަގުތު މީކާޢިލްއަށް މިޝަލް ބިރުގެންފައިވާ މިންވަރުއިނގުނެވެ. އެހެނީ މިޝަލްގެ ދެއަތްވެސް އޭރު ތުރުތުރު ލަމުން ދިޔައެވެ.

“މިޝަލް……….މިޝަލް، އެއީއެއްވެސް ކަމެއްނޫން، ކަމެއްނުވެއެއްނު އަހަންނަކަށް، ބަލާލަބަލަ…..” މީކާޢިލް މިޝަލް އޭނައާއި ދިމާލަށް އަނބުރާލަމުން ބުނެލިއެވެ. މީކާޢިލް އެހެން ބުނުމުންވެސް މިޝަލް ހުރީ ދެލޯމަރާލިގޮތަށް ނުހުޅުވަންށެވެ.

“މިޝަލް، ބަލާލަބަލަ އަހަންނަށް، އާދޭސްކޮށްފަ މިބުނީ…………ތިހިތުގައި ވާއެއްޗެއް އަހަންނަށް ބުނެދީބަލަ” މީކާޢިލް ކޮންމެވެސް ވަރަކަށް ކަންބޮޑުވިއެވެ.

“މީކާޢިލް….” މިޝަލްއަށް ވާހަކަދެއްކޭ ގޮތެއް ނުވިއެވެ. މީކާޢިލް ކުރިއަށްވުރެ ބޮޑަށް މިޝަލްގެ ހަށިގަނޑު އޭނައާއި ގާތްކޮއްލިއެވެ.

ރޭގަނޑުގެ އެއްދަން ހުސްވިއިރުވެސް މިޝަލްގެ ލޮލަކަށް ނިންޖެއް ނައެވެ. ހަފްސާ އައިސް އެކޮޓަރީގައި ޓަކިދިން އަދަދެއްވެސް ނޭގެއެވެ. މިޝަލް ކޮޓަރި ދޮރެއް ނުހުޅުވިއެވެ. ހަފްސާވެސް އޭނަގެ ކޮޓަރީގައި ދެކޮޅަށް ހިނގާލަ ހިނގާލަ ހުރީ ނިދިނައިސްގެންނެވެ. އޭނަގެ ހިތަށްވެސް ވަނީ ބިރުވެރިކަމެއް ވަދެފައެވެ. އިރުއިރުކޮޅާ ސިހިގެން ދެއެވެ.

އެނދުމަތީ މީކާޢިލްގެ އަތުގެތެރޭ މިޝަލްއޮތެވެ. ކައިރީގައި ކުޑަކުޑައީޝަލް ހޭލާއޮތެވެ. އެކުއްޖާއަށްވެސް ހީވަނީ އަންނަންއުޅޭ މުސީބާތުގެ ކަންތައްތައް އެނގެނީހެންނެވެ. މީކާޢިލް މިޝަލްގެ ބޮލުގައި ފިރުމާލަ ފިރުމާލަ އޮތްއިރު އިރުއިރުކޮޅާ މިޝަލްގެ ނިތްކުރީގައި އެތުންފަތް ޖައްސާލާނެއެވެ. މީކާޢިލް މިފަހަރުވެސް އެދުނީ އެއްކަމަކަށެވެ. މިޝަލްގެ ހިތުގައިވާ އެއްޗެއް ހާމަކޮށްދިނުމަށެވެ. އޭނަ އާއި ހިއްޞާކުރުމަށެވެ.

“މީކާޢިލް، އަހަރެން ބިރުގަނޭ އަހަންނަށް ނިދިފަ ހޭލެވޭއިރު މީކާޢިލް އާއި އީޝަލް ނުހުރެދާނެތީ، އެމަނިކުބެ ޖަހަނީ ވަރަށް ގޯސް މީހެއް ވައްތަރު، އޭނަ ފަހަކަށް ނުޖެހޭނެ މީކާޢިލް އަންދާލާކަށްވެސް…..ވީއިރު އަހަންނަށް ހަމަނޭވާ ލެވޭނެތަ؟” މިޝަލް މަޑުމަޑުން އޮވެ ބުނެލިއެވެ.

“އެކަމާތަ މިޝަލް ބިރުގަންނަނީ، އަހަރެން ނުހުރެދާނެތީތަ؟ ދެން ތިގޮތަށް ނުވިސްނާ، އަހަރެން އެއްވެސް ތަނަކަށް ނުދާނަން، މަނިކުއެހެން ބުންޏަސް އޭނައަކަށް ބޭނުންހާ ގޮތެއް ނެހެދޭނެ” މީކާޢިލްވެސް ވާހަކަދައްކަމުން ދިޔައެވެ.

“މީކާޢިލްގެ ގޭމީހުން ކައިރީ ބުނަންވީނު މަނިކުގެ ވާހަކަ” މިޝަލް ހިޔާލު ދިނެވެ.

“ނޫން، އެމީހުން މިކަމުގެ ތެރެއަށް ވައްދާކަށް ބޭނުމެއްނޫން، އަހަރެން އެކަނިވެސް އޭނައާއި ކުރިމަތި ލެވިދާނެ، ބައްޕައަބަދުވެސް ބުނަމުން އައިފަދަ ދުވަހެއް މިއީ، އެކަމަކު ދެނެއް އަހަރުމެން ދެމީހުނެއް ދުރެއް ނުކުރެވޭނެ، އެކަން ކުރަން މާލަސްވެއްޖެ، ތީ މަގޭ އަނބިމީހާ، މަގޭ ދަރިފުޅުގެ މަންމަ، އަހަރުމެންނަކީ އިންސާނުންނަށް ގެއްލުންދީ ހަދާބައެއްނޫން، އަހަރުމެންވެސް މާފުކުރަން ދަންނަން، މީ އަހަރެން މިޝަލްދެކެ ލޯބިވާވަރު ހާމަކުރުމަށް ލިބޭ އެންމެ ބޮޑު ފުރުޞަތު، އިނގޭތަ މަނިކުގެ އެންމެ ބޮޑު ބާރަކީ އޭނަގެ ކައިރީގައި އުޅޭ ޖިންނީން، އެކަމަކު އެއެއްޗެހިވެސް އަހަރުމެންދެކެ ބިރުގަންނާނެ.” މީކާޢިލްގެ ވާހަކަތައް އަޑުއަހަން އޮތް މިޝަލްއަށް ނިދުނީ ކޮންއިރަކު ކަމެއް ނޭގުނެވެ. ޔަގީނުންވެސް ނިދުނީ ވަރުބަލިބެ މީހާ ލޮޑު ވުމުންކަން އެނގެއެވެ.

ހެދުނުގެ އެރިއިރާއެކު ހަފްސާ ޖާވިދަށް ގުޅިއެވެ. އޭނަ ބިރުގަންނަ ވާހަކަ ބުނުމަށެވެ. މަނިކު ލައްވާ ރަގަޅުކަމެއް އަވަހަށް ކުރުމަށެވެ. އަދި ރޭގެ ހާދިސާއަށްފަހު މިޝަލް ކޮޓަރިން ނުނިކުންނަށް ވާހަކަ ބުނުމަށެވެ. މަނިކު އޭނައަށް ބޭނުންވާނެ ބައެއް ސާމާނުގެ ނަންތައް ބުނެލިއެވެ. މިރޭ އިރުއޮއްސެން ވާއިރަށް ފަށަން ހަމަޖައްސާފައިވާ ވާހަކަވެސް ބުނެލިއެވެ. އެކަމަށް ހިނގާނޭ ހަރަދު ޖާވިދު ކުރީބައިގައި ހަމަޖެއްސިއެވެ. މަނިކަށްވެސް ރެއަކު ރަގަޅަކަށް ނުނިދުނެވެ. މިރެއަކީ ބޮޑުރެއަކަށްވާތީ އެކަމަށް ތައްޔާރުވުމަށް އޭނަގެ ފޮށީގައި ހުރި ފޮތްތައް ހާވަން ހަދައިގެންނެވެ. އެއީ ކަންވެރިކަމަށް ބޭނުންކުރާ ފޮތްތަކެކެވެ.

މެންދުރު ވިއިރުވެސް މިޝަލް ކޮޓަރިން ނުނިކުތުމުން ހަފްސާގެ ހާސްކަން ކޮޅުންލާ ހިސާބަށް ދިޔައެވެ. އެހެންވެ ޖާވިދުގެ ހިތްވަރާއެކު ހަފްސާ އަނެއްކާވެސް އައިސް މިޝަލްގެ ކޮޓަރީގައި ޓަކިޖެހިއެވެ.

“ޝެބީ، ޝެބީ، ދޮރުހުޅުވަބަލަ، މީ މަންމައޭ….އަޅެ އެއްފަހަރުނަމަވެސް ދޮރުޙުޅުވާލަބަލަ، ނޫނީ މިއަންނަނީ ތަޅުދަނޑި ހިފައިގެން ހުޅުވަން” ހަފްސާ އެހެން ގޮތެއް ނެތިގެން ބުނެލިއެވެ.

މިޝަލް މަޑުންމަޑުން ތަޅުހުޅުވާލައިފައި ދޮރުހުޅުވާލިއެވެ. ހަފްސާއަށް އެކޮޓަރިއަށް ވަންނާކަށް ނުކެރުނެވެ. އެހެންނަމަވެސް ކުރިމަތީ ހުރީ އޭނަގެ ދަރިފުޅެވެ. އޭނަދެކެ ބިރުގަންނަންޏާ ދެން އޭނައަށް އަޅާލާނީ ފަހެ ކާކުހެއްޔެވެ. އެކަން ހިތަށް އަރުވާލާފައި ހަފްސާ މިޝަލް ގާތު އެއްޗެއް ކާލަން އައުމަށް ބުންޏެވެ. މިޝަލް މަޑުމަޑުން ނުކުތީ ކޮޓަރީގައި އީޝަލްގެ ގާތުގައި މީކާޢިލް އޮތުންމުންނެވެ.

ކާމޭޒު ކައިރީ ހަމަޖެހިލުމާއެކު މިޝަލް ވާހަކަދައްކަން ފެއްޓިއެވެ. ހަފްސާއަށް އެއްޗެއް ވިސްނިދާނެކަމުގެ އުއްމީދުގައެވެ.

“މަންމާ، ޕުލީސް މިކަންތައްގަނޑު ހުއްޓާލަދެއްވާ، އަޅުގަނޑަކީ މިހާރު ކުޑަކުއްޖެގެ މަންމައެއް، މީހެއްގެ އަންބެއް……އަޅުގަނޑާއި ދޭތެރޭ މަންމަ ވިސްނާ ގޮތަށް އަޅުގަނޑު އެދަރިފުޅާ ދޭތެރޭވެސް ވިސްނަން، ވަރަށް ލޯބިވެސް ވޭ، އެކުއްޖާ އަޅުގަނޑުގެ ގާތުގައި ހުރެ ބޮޑުވާންވެސް ބޭނުން، އެކަމުގައި ކުރިމަތިލާން ޖެހޭ ކޮންމެ ހުރަހަކާ އަޅުގަނޑު މިހިރީ ކުރިމަތިލާންކަން މަންމައަށް ކުރިންވެސް އިނގެއެއް ނޫންތޯ، ދެން ކީއްވެ………އެއްމެފަހަރަކުވިޔަސް މަންމަ އަޅުގަނޑުގެ މިނިންމުމާ ދޭތެރޭ އެއްބަސްވެލެއްވިނަމަ، މަންމާ، މިހާދުވަސް ވީއިރު އެއްފަހަރުވެސް މިގޭ މީހަކަށް ގެއްލުމެއްވިތަ؟ ނުވެއެއްނު، ދެން ކޮބާ މައްސަލައަކީ، މަންމައަށް އަޅުގަނޑު މި ޔަގީންކޮއްދެނީ އަޅުގަނޑު މިއުޅެނީ އުފަލުގައިކަން………..މިއަށްވުރެ ބޮޑަށް ހިއެއްނުވޭ ދެން އަޅުގަނޑު ހިތްހަމަޖެހި އުފާވާނެ ހެނެއް……….މަންމަ ބޭނުންނަމަ އަޅުގަނޑު އެދަރިފުޅު ގޮވައިގެން މިގެއިން ގޮސްދާނަން” މިޝަލްގެ ވާހަކަ ހަފްސާ މެދުކަނޑާލިއެވެ. ހަފްސާއަށް މިޝަލް ދައްކާ އެއްވެސް ވާހަކައެއް ނުވިސްނެއެވެ. އެންމެ ބޮޑު މައްސަލައެއްކަމަށް ހަފްސާ ދެކުނީ މިޝަލް ލޯބިވެގެން އުޅެނީ ޖިންނިއެއްދެކެ ކަމަށް ވީކަމެވެ. އަނެއްކޮޅުން އެއެއްޗަށް ދަރިއަކުވިހެއުމެވެ. ހަފްސާ މިޝަލްއަށް ބުނަމުން ދިޔައީ ޖިންނި އެއްޗިއްސަކީ އިންސާނުންނާއި ގުޅިގެން އުޅެވޭނޭ ބައެއްނޫންކަމުގައެވެ. އަދި މިޝަލްއަށް ވެވޭ ލޯތްބަކީ އެކަމުގައި އެއްވެސް ހަގީގަތެއް އެކުލެވިފައިނުވާ ކަމެއް ކަމުގައެވެ. އެހެނީ އޭނަ މިޝަލްގެ ވިސްނުމާކުޅޭނެތީއެވެ. ހަފްސާ މިރޭ އިރުއޮއްސުމުން މަސައްކަތް ފައްޓާނެ ވާހަކަ ބުންޏެވެ. މިޝަލް ގަބޫލުނުވިޔަސް އެކަން ކުރިއަށް ގެންދާނެކަމުގައި ބުންޏެވެ. އަދި ހަފްސާގެ ނަޒަރުގައި މީކާޢިލް ޖެހޭނީ މިޝަލްއާއި ދުރުވާށެވެ. އެހެންނޫނީ ހަފްސާ ބޭނުންވަނީ މަނިކު ބުނިހެން މީކާޢިލް އަންދާލާށެވެ.

“އެހެންވީރު އަޅުގަނޑު މިގެއިން ނުކުމެގެން ދާނީ، އޭރުން މަންމަ ކަމެއްވެދާނެތީ ބިރުގަންނާކަށް ނުޖެހޭނެއެއްނު” ހަފްސާގެ އެންމެ ފަހުބަސް ބުނުމުން، މިޝަލް ބުނެލިއެވެ.

“ޝެބީ މަންމަދެކެ ލޯތްބެއް ނުވޭ ދޯ” ހަފްސާ ތުނބުގައި ޖެހި ޔޫސްތަށި ބަހައްޓަމުން އަހާލިއެވެ.

“ނޫން މަންމާ، ތިހެން ނުބުނުއްވާ، އަޅުގަނޑު މަންމަދެކެ ލޯބި ވާތީ މިއެދެނީ ތިކަންތައް ހުއްޓާލުމަށް، އަޅުގަނޑު އޭނަވެސް ބޭނުން، މަންމަވެސް ބޭނުން………” އަދިވެސް ކާއެއްޗެއްގައި އަތްނުލާ އިން މިޝަލް ބުނަމުން ދިޔައެވެ. ހަފްސާ މިޝަލްގެ ކޮންމެ ވާހަކައަކާއި ދެކޮޅުހަދަމުން ދިޔައެވެ.

“މަންމައަށް އޭނަ ފެނުމުން ނުބުނާނެ އޭނައަކީ ގޯސް މީހެކޭ، އޭނަ މިގޭ އެކަކަށްވެސް ގެއްލުމެއް ދޭކަށް ބޭނުމެއްނޫން….” މިޝަލް އެންމެ ފަހުން މީކާޢިލް ހަފްސާއަށް ދެއްކުމަށްވެސް ނިންމީއެވެ. ނަމަވެސް ހަފްސާއަށް އެއަޑުއިވުމާއެކު އޭނަގެ ދެލޯ ބޮޑުވެގެން ދިޔައެވެ. އޭނަ މީކާޢިލް އާއި ބައްދަލު ކުރާކަށްވެސް އަދި ފެންނާކަށްވެސް ބޭނުމެއްނޫނެވެ. އެހެންވެ އެކަމާ ހަފްސާ އިންކާރު ކުރިއެވެ. މިޝަލް އިސްޖަހާލި ގޮތުން ހަފްސާއަށް މިޝަލް ވަރަށް ދެރަވެއްޖެކަން އެނގުނެވެ.

މިޝަލް އެއްވެސް ކާއެއްޗެއްގައި އަތްނުލާ އިސްޖަހާލައިގެން އިންނަންފެށުމުން ހަފްސާ ގޮނޑިން ތެދުވިއެވެ. މިޝަލްގެ ގާތުގައި ހުއްޓިލަމުން މިޝަލްގެ ބޮލުގައި ފިރުމާލިއެވެ. އަދި މިޝަލްދެކެ ވަރަށް ލޯބިވާ ވާހަކަ ބުންޏެވެ. މީކާޢިލް އަކީ ޖިންނިއަކަށް ނުވެ އެހެން ކޮންމެފަދަ އިންސާނަކަށްވިނަމަވެސް ހަފްސާ އެމީހަކު ހެޔޮހިތުން ގަބޫލު ކުރާނެ ވާހަކަބުންޏެވެ. ހަފްސާވެސް މިފަދަ ކަމެއްކުރަން ބިރުގަނެ ޖެހިލުންވާކަމުގައި ބުނަމުން ދިޔައެވެ. އެހެންނޭކިޔާފަ މިކަމަކީ އަޅާނުލާ ދޫކޮއްލެވޭވަރުގެ ކަމެއްނޫންކަންވެސް ހަފްސާ މިޝަލްއަށް ވިސްނާދޭން މަސައްކަތް ކުރިއެވެ. އަދި މަޑުމަޑުން މިޝަލްގެ އަނގަޔަށް ކުރިމަތީ ހުރި ތަށިން ނޫޑުލިސް ކޮޅު އުލުން ލަވަމުން ދިޔައެވެ. މިޝަލްއަށް އިތުރަށް ކުރެވޭނެ ކަމެއްވެސް ނެތެވެ. މިޝަލް ދެތިން އެތިކޮޅު އަނގަޔަށް ލެވުމާއެކު ހަފްސާގެ އަތުގައި ހިފަހެއްޓިއެވެ. އަދި ތަށި ކައިރީ ހުރި ޖޫސްތަށި ނަގާ ބޯލަމުން ތެދުވިއެވެ.

މިޝަލް އިތުރު އެއްވެސް އެއްޗެއް ނުބުނެ އައީ އޭނަގެ ކޮޓަރިއަށެވެ. އޭރު މީކާޢިލް މިޝަލްގެ އެނދުގައި އީޝަލްގެ ގާތުގައި އޮށޯވެލައިގެން އޮތެވެ. ނިތްކުރީގައި އަތްބާއްވާލައިގެން، ވާތުފައި މައްޗަށް ކަނާތުފައި ލާ ދަމާލައިގެން އޮތްއިރު އެއްރާގަކަށް އޭނަ ދިޔައީ ކަނާތު ފައިތިލަ ތަޅުވަމުންނެވެ. މިޝަލްއަށް މީކާޢިލް އެއޮތީ ފިކުރެއްގައިކަން އެގުނެވެ. އަނެއްކޮޅުން އެހެން އޭނަ އޮތްއިރު އެކަކުވެސް އެއީ އިންސާނެއް ނޫނޭ ނުބުނާނެއެވެ. މީކާޢިލްއަށް މިޝަލް ފެނުމާއެކު ކުޑަކޮށް ތެދުވެލަމުން ހިނިތުންވެލިއެވެ. އެމޫނުގައި އެއްވެސް ޖެހިލުންވުމެއްނެތެވެ.

“މީކާޢިލް، މަންމަ މިއަދު އިރުއޮއްސޭއިރަށް އެއްކަލަ މީހާ އަންނާނެއޭ ބުނެފި، އޭނަ މީކާޢިލް ފޮނުވާލަން މަސައްކަތްކުރާނެ، ހިނގާ އަހަރުމެން މިގޭން އަވަހަށް ދާން” މިޝަލް ގޮތްހުސްވެފައިވާ މީހެއްފަދައިން ބުނެލިއެވެ. މީކާޢިލް ދެފަރާތަށް ބޯހޫރުވާލަމުން ކައިރީގައި ހުރި މިޝަލްގެ އަތުގައި ހިފާ އޭނަގެ ކައިރީ ބެއިންދިއެވެ.

“މިޝަލް ހީކުރަނީ އަހަރެން މީ އެހާ ބަލިކަށިމީހެއްކަމަށްތަ؟ އަހަރެން ބުނީމެއްނު އަހަންނަށް އިތުބާރު ކުރާށޭ، އޭނަފަދަ އިންސާނެއްދެކެ ބިރުން އަހަރެން ނުދާނަން، އެހެންނޫނަސް މިޝަލްގެ މަންމަ މަނިކު ނޫނީ އެހެންމީހެއްލައްވާވެސް ފަންޑިތަ ހަދާނެ، އަހަރުމެން ގޮސްފިއްޔާ……..އެއީ މިޝަލްގެ މަންމަ ބޭނުމެއްނުވާނެ މިޝަލް ދާކަށް، އަދި އަހަރެން މިޝަލް ގެންދާކަށްވެސް، އޭރުން މިޝަލްއަށް ކުރާ އަސަރު ބޮޑުވާނެ……….އެ މަނިކުވެސް އެއްޗެއް ހަދަންޔާ ހަދަންޖެހޭނީ ދޭތިން އެކައްޗަށް…..އެވެސް އޭނައަށް ރަގަޅަށް ހެދިއްޖެއްޔާ……….” މީކާޢިލް އެންމެ ފަހު ޖުމްލައެއް ފުރިހަމައެއް ނުކުރިއެވެ.

“ރަނގަޅަށް ހެއްދިއްޔާ، ކިހިނެއްވާނީ؟ އަހަރުމެން ދެމީހުން ދުރުވާން ޖެހޭނެތަ” މިޝަލް ކަންބޮޑުވެފައި އަހާލިއެވެ. މީކާޢިލް މިޝަލްގެ މޫނުގައި ހިފައި ނިތުގައި ބޮސްދިނެވެ. މިޝަލް އަނެއްކާވެސް ސުވާލު ތަކުރާރު ކުރިއެވެ.

“އަހަންނަށް ސަލާމަތް ކުރެވޭނީ ކޮންމެވެސް އެކަކު………” މީކާޢިލް ބުނެލިއެވެ. މީކާޢިލް ބުނިއެއްޗެއް މިޝަލްއަށް ނުވިސްނުނެވެ، އެހެންވެ އަނެއްކާވެސް އަހާލިއެވެ. ތަންކޮޅެއް ސާފުކޮށް ކިޔާދިނުމަށެވެ.

“މަނިކުގެ އެތިފަހަރު ބަރާބަރު ވެއްޖެޔާ، އަހަރެން ނޫނީ ދަރިފުޅު…………ކޮންމެވެސް އެކަކު  ސަލާމަތްވާނީ، އެކަމަކު އޭނައެހާ ކުޅަދާނައެއްނޫން” މީކާޢިލް މިޝަލްގެ އަތްތިލައަށް ފިތާލަމުން ބުނެލިއެވެ. މީކާޢިލް ބޭނުންވަނީ މިޝަލް އެއްވެސް ކަމަކާ ހާސްވެ ބިރުނުގަތުމެވެ. އެހެންނަމަވެސް މިޝަލްގެ ހިތުގެ ހިނގުން ދިޔައީ އަވަސްވަމުންނެވެ. އަދި އަމުދުން ދެންމެ މީކާޢިލް ބުނި ޖުމްލައިންނެވެ.

“ނޫން…..ނޫން، އަހަރެން ތި ދެމީހުންވެސް ބޭނުން، އަހަންނަށް ނޫޅެވޭނެ ތިދެމީހުންނާއި ނުލާ، ކިހިނެއް އިނގެނީ، އެމީހާ ހަމަ ރަނގަޅަށްވެސް ހަދާފާނެ އެއްނު…….މީކާޢިލް ބައްޕަ ގާތު ބުނަންވީނު، ކީއްވެތަ ރޭގަ ނައީ އެމީހުން” މިޝަލްގެ ހިތް ބިރުގަތެވެ.

“އަހަރެންގެ ދަރިފުޅަށް ކަމެއްވަންޏާ އަހަންނަށް ނޭގިއެއް ނުދާނެއެއްނު، އަހަންނަ އެކަން ދެނެގަންނަން ވަގުތުކޮޅެއް ނެގި، ނަމަވެސް އަހަންނަށް އިނގުނުއިރަށް މަންމަ އާއި ބައްޕަ މިތަނަށް ގެންނަން އަހަރެން ބޭނުންނުވީ، އަހަރެން އެމީހުންގެ ގާތުގައި ބަހަނާއެއް ދައްކާފައި އަވަހަށް އައީ މިވަނީ ކިހިނެއްތޯ ބަލަން، މިޝަލް އަހަރެން ބޭނުމެއްނޫން އެމީހުން މިކަމުގައި ބައިވެރިކުރާކަށް” މީކާޢިލް އަނެއްކާވެސް ދިނީ ހަމަ ކުރިން ދިންޖަވާބެވެ. އޭނަގެ އާއިލާގެ މީހުން މިކަމުގައި ބައިވެރިކުރަން ބޭނުން ނުވާކަމެވެ.

ހަވީރު ފަހެއްޖަހާ ދިޔައިރު ޖާވިދު ހުރީ ހަފްސާ މެންގޭގައެވެ. މިޝަލްއަށް އެކަން އެނގުމާއެކު ޖާވިދު އާއި ބައްދަލު ކުރަން ނުކުތެވެ. މީކާޢިލް އޭރުވެސް މިޝަލްގެ ކޮޓަރީގައި ހިނގާލަ ހިނގާލަ ހުއްޓެވެ. ހީވާގޮތުން އޭނަ އެންމެ ކަންތައް ބޮޑުވަނީ މިޝަލް އާއި އީޝަލް އާއިމެދުގައެވެ. އެދެމީހުންނަށް ކިތަންމެ ކުޑަކަމެއްވިޔަސް އޭނައަށް ކެތެއްނުކުރެވޭނެއެވެ. އީޝަލް ގެންދެވޭކަށްވެސް ނެތެވެ. އެކުއްޖާއަކީ އިންސާނަކަށް ލިބިފައިވާ ދަރިއެއްކަމުންނެވެ. އަނެއްކޮޅުން މިޝަލް ދުނިޔޭގަ ހުރިހާ ދުވަހަކު އެމީހުންނަށް އެގޮތަށް ފަންޑިތައިގެ ބާރުގައި އެކުއްޖާ ގެނެވޭނެތީއެވެ. އެހެންނޫނަމަ މީކާޢިލް މިހާރު އެދަރިފުޅު އޭނަގެ އާއިލާގެ މީހުންނާއި ހަވާލު ކުރީހެވެ.

“ޖާވިދުބޭ، ހެޔޮނުވާނެ، ތިކުރަންއުޅޭ ކަމެއް ހުއްޓާލާ…….އަޅުގަނޑުގެ ފިރިމީހާ އޭ އެއީ، ޕުލީސް ޖާވިދުބޭ، އަޅުގަނޑު އާދޭސް މިކުރަނީ، މިކަމުގެ ސަބަބުން އަޅުގަނޑަށް ވެދާނެ ގޮތަކާއި މެދު އެކަކުވެސް ނުވިސްނާ………..” ސިޓިން ރޫމުގައި އިން ޖާވިދުގެ ފައިބުޑަށް ތިރިވެ މިޝަލް އާދޭސް ކުރަންފެށިއެވެ. ޖާވިދަށް ހައިރާންކަމާއިއެކު ހަފްސާއަށް ބަލާލެވުނެވެ. ހަފްސާ ފުންނޭވާއެއް ބޭރުކޮއްލީ އެކަމަށް އޭނައަށް ކުރެވޭނެ އިތުރުކަމެއް ނެތޭ ބުނާފަދަ ގޮތަކަށެވެ.

“މިޝަލް، އެހަށް ތެދުވެބަލަ…….މިތާ ބޭބެ ކައިރީ އިށީނދެބަލަ” ޖާވިދު މިޝަލްގެ ކޮނޑުގެ ދެފަރާތުގައި ހިފާ ނަގަން މަސައްކަތްކުރިއެވެ. ޖާވިދުގެ ގާތުގައި މިޝަލް އިށީނުމުން އޭނަގެ މޫނަށް ޖާވިދު ބަލާލިއެވެ. މިޝަލްގެ ދެލޮލުންވަނީ ކަރުނަހިލިފައެވެ.

“މިޝަލް ގާތު ބޭބެ ބުނަންތަ ވާހަކައެއް، މިޝަލްއަށް ނޭގުނަސް މިޝަލްއަށް ތިވަނީ ބައްޔެއް ޖެހިފައި، ޖިންނި އެއްޗެއްސަކީ އިންސާނުންގެ ސިކުނޑިއާއި ކުޅެލާބައެއް، އެކަމުގެ ސަބަބުން އިންސާނުން ބަލިވަނީ، މިޝަލްއަށްވެސް ވަނީ އެހެންވެފަ…….ބިރުނުގަނޭ، މިޝަލްއަށް އެއްވެސް ކަމެއްނުވާނެ، އެއެއްޗާ ދުރަށް ދެވުނީމަ މިޝަލްއަށް ރަނގަޅަށް ވިސްނޭނެ، އޭރުން އިނގޭނެ ބޭބެ އާއި މިޝަލްގެ މަންމަ މިކަންތައްތައް މިގޮތަށް ކުރީ މިޝަލް ދެކެ ލޯބިވާތީ…މިޝަލްއަށް ރަނގަޅަކަށްކަން………” ޖާވިދު ބޭނުންވީ މިޝަލްއަށް ވިސްނާދޭށެވެ. އެކަމަކު ހަފްސާ ފަދައިން ޖާވިދަށްވެސް ލިބުނީ ނާކާމިޔާބެވެ. މިޝަލް އެމީހުންގެ އެއްވެސް ވާހަކައެއް އަޑެއް ނޭހިއެވެ. އޭނަ ދުއްވައިގަތީ ސިޑިއާއި ދިމާލަށެވެ. ހަފްސާ އާއި ޖާވިދު ދެކެ ނުރުހިގެންނެވެ. އެމީހުންގެ އެއްވެސް ވާހަކައެއް އަޑުނާހާނަން ކަމުގައި ބުނަމުންނެވެ. އަދި އޭނައަކީ މޮޔައެއްނޫންކަމުގައިވެސް ބުނަމުންނެވެ.

މިޝަލްއަށް ސިޑިން ނޭރެނިސް އޭނަގެ ފިޔަވަޅުތަކަށް ހުއްޓުން އެރީ ޖާވިދު ހަފްސާގެ ގާތުގައި ބުނި އެއްޗަކުންނެވެ. ޖާވިދު ހަފްސާ ގާތުގައި ބުނީ ކަންތައް ފައްޓަންއުޅޭކަން އެޖިންނިއަށް އިނގޭތީ މިޝަލްއަށް އެކަމުގެ ބިރު ދައްކަނީކަމަށެވެ. އަދި މަނިކު ފެރިއަށްއެރިވާހަކައެވެ. މިގެއަށް އަންނަން ވެގެންނެވެ. ޖާވިދު ގެނައި ކޮތަޅު ކޮބާތޯވެސް އެހިއެވެ. އެއީ އޭގައި މަނިކު ބޭނުންވާނެ ވަރަށް މުހިއްމު އެއްޗެހި ހުންނާނެއޭ ބުންޏެވެ. ޖާވިދު ބައެއް އެއްޗެހި ހިފައިގެން އައީ މަނިކު އަންނައިރު އޭނައަށް އެއްޗެހި ހިފައިގެން އަންނަން އުނދަގޫވާނެތީއެވެ. މިޝަލްއަށް ޖާވިދުގެ ވާހަކަތައް އަޑުއިވުމުން އޭނަގެ ހިތާ ސިކުނޑިއަށް ކުއްލިއަކަށް އެކިއެކި ހިޔާލުތައް ވަންނަންފެށިއެވެ.

ފަނަރަ ވަރަކަށް މިނެޓު ވަންދެން ސިޑީގެ ބިއްދޮށުގައި ފިލާ ހުރި މިޝަލްއަށް ސިޓިން ރޫމަށް ނުކުންނަން އޭނަ ބޭނުންވި ފަދަ ފުރުޞަތެއް ލިބުނެވެ. ޖާވިދު މަނިކު ބަލާ ދިއުމުންނެވެ. ހަފްސާ ސިޑިން މައްޗަށް އެރީ އެވަގުތުއެވެ. މިޝަލް މަޑުން މަޑުން ސިޓިން ރޫމަށް ނުކުމެ ކަބަޑުތައް ބަލާލިއެވެ. ތިރީ ކަބަޑުގެ ދޮރުފަތެއް ހުޅުވާލުމާއެކު މިޝަލްއަށް އޭނަ ބޭނުންވި އެތި ފެނުނެވެ.

ކޮޓަރިއަށް ވަނުމުން މީކާޢިލް ކަންބޮޑުވުމާއެކު މިޝަލް ގެނެސް އޭނަގެ ގައިގާ ޖައްސާލިއެވެ. ދަރިފުޅާ އޭނަ އާއި ދެން ދުރަށް ނުދިއުމަށް އެދުނެވެ. މިޝަލް އަވަސް އަވަހަށް އާއެކޭ ބުނެލިއެވެ. މިޝަލްގެ މޫނުމަތީގައިވި ހާސްކަން ކޮންމެވެސް ވަރަކަށް ފިލައިގެން ގޮއްސަހުރިކަމެއް މީކާޢިލްއަކަށް ފާހަގައެއް ނުކުރެވުނެވެ. މިޝަލްވެސް މިހާރު އިންތިޒާރު އެކުރަނީ މަނިކު އެގެއަށް އަންނާނެ އިރަކަށެވެ. މިހާރު އެދެމީހުންވެސް އެތިބީ މަނިކު އާއި ކުރިމަތިލުމުގެ ވަރުގަދަ އަޒުމުގައެވެ. އެކަކުވެސް އަނެކަކު ގެއްލިގެން ދާކަށް ބޭނުމެއްނުވެއެވެ.

ޖާވިދު އައިސް ހަފްސާ މެންގެއަށް ވަތްވަގުތު ހީވީ މުޅިގެއަށްވެސް ގުޑުން އެރިހެނެވެ. އޮސެމުން ދިޔަ އިރާއެކު ސިޓިން ރޫމަށް ވަތް މަނިކުގެ ބޮލުގައި ހުދު ރުމާފަޅިއެއް އައްސާފައި ވިއެވެ. އޭނައަށް މީކާޢިލް އަދިވެސް އެގޭގައި އެބައުޅޭކަން އެނގުނެވެ. އިތުރު ވަގުތުތަކެއް ދުއްވާކަށް މަނިކުވެސް ބޭނުމެއްނޫނެވެ. އޭނަ ކުރިންރޭ ކިޔަވަން ބޭނުންކުރި ފެންތަށި ގެނައުމަށް ޖާވިދު ގާތު ބުންޏެވެ. އަދި ޖާވިދުގެ އަތަށް ފެންނުވަންނާނޭ ގޮތަށް ބަންދުކުރެވިފައިވާ ކަރުދާސްކޮޅެއް ދިނެވެ. މަނިކު އެއީ ތަވީދެއް ކަމަށް ބުންޏެވެ. ހަފްސާގެ ކަރުގައި އޭތި އަޅައިގެން ނޫނީ މަނިކު އާއި ޖާވިދު އާއިއެކު މިޝަލްގެ ކޮޓަރިއަށް ނުވަނުމަށް ބުންޏެވެ. މިރޭ މަނިކު ހަފްސާ އާއި ސީދާ ސީދާ ވާހަކަ ނުދައްކާކަން ހަފްސާ އަށް ފާހަގަ ކުރެވުނެވެ. މަނިކު އޭނަދިން ކޮތަޅު ކޮބާތޯ ޖާވިދުއާއި ސުވާލުކުރިއެވެ. ޖާވިދު ހަފްސާ އަށް ބަލާލިއެވެ. ހަފްސާ ބަދިގޭގައި ހުރި ކަބަޑު ސެޓުގެ ތިރީ ކަބަޑަށް އިނގިލި ދިއްކޮއްލިއެވެ. ޖާވިދު އަވަސް އަވަހަށް އޭގައިވި އެއްޗެހި ތައްޔާރު ކުރަންފެށިއެވެ. އޭގައި އަލިފާން އަޅާއެއްޗެއްވެސް އިނެވެ. މަނިކު އެއަށް އަނދައަނދާ ހުރި އަގުރު އަލިފާން އަޅާ ތައްޔާރު ކުރިއެވެ. އަދި އޭނަ އެހުރިހާ އެއްޗެއް ހިފައިގެން މިޝަލްގެ ކޮޓަރިއަށް ހިނގައިގަތެވެ. ޖާވިދު އާއި ހަފްސާވެސް ހިނގައިގަތެވެ. އެންމެ ކުރީގައި ހުރީ މަނިކުއެވެ. އޭނަ އެއްޗެހިތަކެއް ކިޔަމުން އަތުގައި އޮތް ފެންތައްޓަށް ފުމެމުންގޮސް، ސިޑިބުޑަށް ފެންތަށިން އެތިފޮދެއް އަޅާލުމަށް ފަހު، ކުރިއަށް އަޅާ ކޮންމެ ފިޔަވަޅަކަށް ތަށީގައިވާ ފެނުގައި އިނގުޖައްސާލާފައި ކުރިމައްޗަށް ބުރުއްސާލައެވެ.

މިޝަލްގެ ކޮޓަރީގެ ދޮރު ހުޅުވާލުމަށްފަހު މަނިކު ވަނެވެ. މީކާޢިލް ހުރީ ވަރަށް ހުށިޔާރުވެއެވެ. އޭނަ ކޮއްފާނެކަމަކަށް ތައްޔާރުވެއެވެ. މިޝަލްގެ ލޮލުގައި މަނިކުއަށް ނަފުރަތުގެ ކުލަވަރު ފެނިގެންދިޔައެވެ. މަނިކު އެއިން އެއްވެސް ކަމަކަށް ނުބަލައެވެ. އޭނަ ދެފައި ވަށްކޮއްލައިގެން އިށީނީއެވެ. ކޮޓަރީގެ މެދެއްހާ ހިސާބުގައެވެ. ޖާވިދުއާއި ހަފްސާގެ ގާތުގައިވެސް އިށީނުމަށް ބުންޏެވެ. އެކަމަކު މަނިކުގެ ފަހަތުގައެވެ. އަގުރުއެތި މަނިކުގެ ކުރިމަތީ ބެހެއްޓިއެވެ. އަތުގައިވި ފެންތަށިވެސް ބެހެއްޓިއެވެ. އަދި ދެކޮތަޅެއްގައި ހުރި އެއްޗެހި ނެގޭގޮތަށް ކޮތަޅު ހުޅުވާލިއެވެ. މަނިކުގެ ސަމާލުކަން އެއްކޮށްހެންވަނީ ކުޑަދޮރުގެ ގާތުގައި ހުރި މިޝަލްއަށް ގޮސް ހުސްވެފައެވެ. އޭނަ މިޝަލްގެ ހަރަކާތަކަށް ވިސްނާތައްޔާރުވާ ކަހަލައެވެ.

މަނިކު ކިޔެވެލި ކިޔަވަންފެށިއެވެ. މީކާޢިލްގެ ނޭވާވެސް އެއާއެކު ބަދަލުވަމުން ދެއެވެ. އޭނަ މިހާރު މަނިކުއަށް ބަލަނީވެސް އެހެން ގޮތަކަށެވެ. އެދެލޯ ވަނީ ދިއްލިއެވެ. މޫނުމަތީގައި ވަނީ ރުޅިވެރިކަމެވެ. މަނިކު ކިޔަވާތާ އިރުކޮޅެއް ވީތަނާ މީކާޢިލް ހަޅޭއްލަވައިގަތެވެ. ކައިރީގައި މީކާޢިލްއަށް އަންނަމުންދާ ބަދަލުތައް ބަލަން ހުރި މިޝަލްގެ ހިތްހީވީ މޭފަޅާ ނުކުންނަން އުޅުނީހެނެވެ. މީކާޢިލް އޭނަގެ ބޮލުގައި ހިފަހައްޓާލިއެވެ. މީހާ ފާޑަކަށް ގުދުވާން އުޅުނެވެ. އެކަމަކު އަނެއްކާވެސް ބާރު ހަޅޭކަކާއެކު މީކާޢިލް ކޮޅަށް ތެދުވިއެވެ. މަނިކު އާއި ދިމާލަށް ބަލާލިއެވެ. އޭރުވެސް މިޝަލްގެ އަތުގައި އޮތް އީޝަލް ގެ ރުއިމުގެ އަޑުވަނީ މުޅިކޮޓަރިއަށް ފެތުރިފައެވެ. މިޝަލް ހިތްވަރު ކުރިކަމުގައި ވިޔަސް އެހިތަށް ކެތެއްނުވިއެވެ. މީކާޢިލްގެ ހަށިގަނޑުގައި ވޭން އަޅަނީކަން ގައިމެވެ. މީކާޢިލް ފާރުގައި ބާރަށް ޖެހިއެވެ. އެއާއެކު ކުޑަދޮރުގެ ފާރުކައިރިން އަލިފާން ކަނިބުރައިގެން ދިޔަތަން އެންމެނަށްވެސް ފެނުނެވެ. މީކާޢިލް މިޝަލް އޭނައާއި ކުޑަކޮށް ދުރުކޮއްލިއެވެ. އެތަން ފެނުނު މަނިކު ކިޔެވެލި މަޑުޖައްސާލަމުން އަތުގައި ހުރި ފެންތަށިން ފެންގޮއްޓެއް މިޝަލްއާއި ދިމާލަށް ބުރުވާލިއެވެ. މީކާޢިލް އަވަހަށް ދަރިފުޅަށް ކަމެއްވެދާނެތީ ކަންބޮޑުވިއެވެ.

ކުއްލިއަކަށް އެންމެނަށް މީކާޢިލް ފެނުނެވެ. ހަފްސާ ދިޔައީ ސިހިގެންނެވެ. އެއީ އެމީހުންގެ ކުރިމަތީ ހުރީ އިންސާނެއްގެ ސޫރައެވެ. ފުރިހަމަ ރީތި ޒުވާނެކެވެ. އެމޫނުމަތީގައި ރުޅިވެރިކަން ވިޔަސް، ހަފްސާއަށް އެމޫނާ އީޝަލް އާއި ވައްތަރުވިއެވެ. މިޝަލް ބުނިފަދައިން އޭނަގެ ގަޔަކު ނުބައި ވައްތަރެއް ނުޖަހެވެ. އެހެންވިޔަސް އެއީ ޖިންނިއެއްކަން ހަފްސާއަށް އިނގެއެވެ. ލޯމައްޗަށް ފެންނަ ގޮތްކަމުގައި ވުންވެސް އެކަށީގެންވެއެވެ.

“ކޮބާ ގަދައެއް ނުހެދުނެއްނު، ތިހިރީ ލޯމައްޗަށް ގެނެއްސަ، ބުނޭ ކަލެއަށް ކިޔަނީ ކޮންނަމެއް؟” މަނިކު އަމުރުވެރި ރާގަކަށް ބުނެލިއެވެ.

“ކަލޭ ތިހާ މޮޅިއްޔާ ހޯދީމަ ނިމުނީނު” މީކާޢިލް ބުންޏެވެ.

“އަހަރެން ކަލޭ ކައިރި ބުނިން ރީތިގޮތުގަ ސުލްހަވެރިކޮށް ކަލޭ އުޅޭ ތަނަކަށް ކަލޭ ދާށޭ، މިގޭ މީހުންނަށް އުނދަގޫ ނުކުރާށޭ…..މިއަންހެން ކުއްޖާ ދޫކޮއްލާށޭ، އެކަމަކު ކަލޭ ބޭނުންވީ މިގޮތެއްނު، އަދިވެސް މިބުނަނީ މި އަންހެން ކުއްޖާ ދޫކޮއްލާފަ ކަލޭ ދޭ، އޭނަގެ އަތުގައި އެއޮތް ކުޑައެތިވެސް ކަލޭ ގެންދޭ، އެއީ ކަލޭ ގަސްތުގަ މިއަންހެން ކުއްޖާއަށް ކުރިކަމެއް، އަހަރެން ބުނާ ގޮތް ހަދާ………” މަނިކު މީކާޢިލްއަށް އަދިވެސް ފުރުޞަތު ދޭގޮތަށް ބުނެލިއެވެ.

“ކަލެއަށް ނޭނގޭތަ އެއީ އަހަރެންގެ އަނބިމީހާ ކަމެއް، އެއީ އަހަރުމެން ދެމީހުންގެ ދަރިއެއް، މިގޭން ދަންޏާ ދާނީ މަގޭ އަންހެނުންނާ ދަރިވެސް ގޮވައިގެން، އެމީހުން ކަލޭމެންފަދަ ނުބައި ބަޔެއްގެ ތެރެއަށް ދޫކޮށެއްނުލާނަން، މީ އަހަރެން މިހާރު އުޅެން ޖެހިފައިވާ ގެއެއް….” މީކާޢިލް ރުޅިވެރިކަމާއެކު މަނިކުއަށް ބުނެލިއެވެ.

މަނިކު އޭނަގެ ކައިރީގައިވާ ކޮތަޅުން ހުދުކުލައިގައި އެކިގޮތްގޮތަށް ބުރިބުރިކޮއްފައިވާ އެއްޗެއް އަނގުރުތެރެއަށް އަޅާލިއެވެ. އެއާއެކު އަރައިގަތް ދުމާއެކު މީރުވަހެއް ހުއްޓެވެ. އަދި މަނިކުގެ ކިޔެވެލި އަނެއްކާވެސް ފެއްޓިއެވެ. މިފަހަރު ކުރިއަށްވުރެ ވަރުގަދަ ކޮށެވެ. މީކާޢިލް އަނެއްކާވެސް އޭނަގެ ބޮލުގައި ހިފަހެއްޓިއެވެ. ހަށިގަނޑުގެ މެދަށް އަޑިވަމުން ދިޔައެވެ. މީކާޢިލް ސީދާ ކުރަން އުޅޭކަން މިޝަލްއަށް އިނގެއެވެ. މިޝަލްގެ ލޮލުން ކަރުނަތިއްކަކަށްފަހު ތިއްކެއް ކޯތާފަތުން ފައިބައިގަތެވެ. ދަރިފުޅު ގަޔާލާ ބާރުކޮއްލަމުން އަމިއްލަ އަނގަމަތީ އަތްއަޅާލެވުނެވެ.

“ކަލޭ އަހަރުމެންނަށް އޮޅުވާލަންތަ ތިއުޅެނީ، މިޝަލްއަށް ކަލޭ ހުންނަ އަސްލު ސިފަ ފެނިއްޖެއްޔާ އޭނަ ކަލެއާއި ކައިރިވެސް ނުވާނެ، އޭތް! ކަލޭގެ ސިފަ އަހަރެންނަށް ދައްކާ…..ކަލޭގެ ނަމަކީ ކޮބާ” މަނިކުގެ ކިޔެވެލި ވަރުގަދަ ކުރަމުން ދިޔައެވެ. ކުއްލިއަކަށް މީކާޢިލްގެ ދެވަރަ ހުޅުވެން އުޅުނެވެ. މިޝަލްއަށް މަނިކު ބޭނުންވަނީ އެކަންތައްކަން އެނގުނެވެ. މީކާޢިލްއަށް މިޝަލްއަށް ބަލާލެވުނެވެ. މިޝަލްއަށް މަޑުމަޑުން ދެފަރާތަށް ބޯހޫރުވާލެވުނީ ނޫނެކޭ ބުނާފަދަ ގޮތަކަށެވެ. އެމީހުން މީކާޢިލްއަށް އެހެން އެހަދަނީ އޭނައަކީ ޖިންނިއަކަށް ވީމަހެއްޔެވެ. މީކާޢިލް ހުއްޓުވަން އުޅުނެއްކަމަކު އޭނައަކަށް ނުހުއްޓުވުނެވެ. އޭނަގެ އެބޮޑު ދެވަރަ ކޮޓަރި ތެރެއަށް ފެތުރިގެން ދިޔައެވެ. މަތީ ސީލިންގުގައި ޖެހި އޭގެ މައްޗަށް ދިއްވެފައިވާ ބައި ވަނީ ލެބިފައެވެ. އެޅިވަޔާއެކު ވަރަފެތުރިގެން ދިޔަ އަޑަށް ޖާވިދު އާއި ހަފްސާ ދިޔައީ ސިއްސައިގެންނެވެ. މިފަދަ ކަމެއް އެމީހުން ދުވަހަކުވެސް ނުދެކެވެ. މަނިކުވެސް އަޖައިބުވިއެވެ. އޭނަ މިފަދަ ޖިންނީންގެ އަޑުވެސް ނާހައެވެ.

“މަނިކު ކަލޭ ހީކުރީ ކަލެއަށް ތިކުރެވުނީ ވަރަށް މޮޅުކަމެއްކަމައްތަ؟ އަހަރެން ކަލެއަށާއި މިތާ ތިބި މީހުންނަށް ފެނުނީ އަމިއްލައަށް ކަލޭމެންނަށް ފެންނަން ބޭނުންވެގެން، އަހަރެންގެ އަންހެނުންނާ ދަރިފުޅަށްޓަކާ، ކަލެއަށް ނޭނގޭ އަހަރެންގެ އަސްލު ސިފައިގައި ފެނުމުންވެސް، މިހިރީ އަހަރެން، ކޮންސިފައެއްގަތަ އަހަރެން ފެންނަނީ، އަހަރުމެންނަކީ ކަލޭމެންހެން ދޮގުހަދާބައެއް ނޫން، މަނިކާ ކަލެއަށް އެނގޭތަ ކަލޭގެ އަސްލު ސިފަ؟ އަހަންނަށް އެނގޭ……..ކަލެ އަކީ ދަހިވެތި ނުބައި މީހެއް، ކަލެއަކީ ކައިރީގައި އަންހެން ޖިންނީން ގެންގުޅޭ ހިތްވާ މީހެއް، މަނިކާ ކަލޭ އެމީހުންނާ އެކީ ގުޅުމެއް ނުހިންގަންތަ….އޭރު ކަލޭ އޮތީ ޖިންނީންނާއި އިންސީންނާއި މެދު އޮންނަންޖެހޭ އިމުގެ ތެރޭގަތަ؟ މިހިރަ ޖާވިދަށް ކަލޭ ހަދަނީ ކިހިނެއް؟…..” މީކާޢިލް ދައްކަން ފެށި ވާހަކަތަކުން މަނިކުގެ ގާތަށް އައީ އަމަށަކު ރުޅިއެއްނޫނެވެ. އޭނަ ވަގުތުން މީކާޢިލްއަށް ހީމެން ވުމަށް އަމުރުކުރިއެވެ. ޖާވިދުއަށް މީކާޢިލް ދައްކާ އެއްވެސް ވާހަކެއް އަޑުނޭހުމަށް ބުންޏެވެ. އަދި ކިޔެވެލި ވަރުގަދަ ކުރަމުން ޖީބުން ކުޑަކުޑަ ފުޅިއެއްނެގިއެވެ. އޭގައި ހުރީ ތެލެވެ. މީކާޢިލްއަށް ހިމޭން ނުވެއްޖެނަމަ އަންދާލާނަންކަމަށް ބުނަމުން ދިޔައެވެ. އެކަމަކު މީކާޢިލް ހިމޭންވާހަކަށް ބޭނުމެއްނޫނެވެ. މަނިކުގެ ފަތިފުއް ރަނގަޅަށް އެންމެނަށް ކިޔާދެމުން ދިޔައެވެ.

“ޖާވިދުގެ ކާފައަށް ކަލޭ ހެދީ ކިހިނެއް، އޭނަގެ މަންމަ އާއި ބައްޕައަށް ހެދީ ކިހިނެއް، ކަލޭގެ އަތުން ކިތަށް މީހުންގެ މަރު ހިފީ……..ކަލޭގެ ފުރަތަމަ އަންހެނުންނަށް ވީ ކިހިނެއް………މަނިކާ ކަލެއަށްވުރެ ބޮޑަށް އަހަރުމެންނަށް ކަންތައްތައް އެނގެޔޭ، ކަލޭ ތީ ނުބައި މީހެއް….ކަލޭ ބޭނުންވަނީ އަހަރެންނު، އެއީނު ކަލޭ ތިހާ ޝައުގުވެރިގެން ތިއުޅޭ ކަމަކީ، ބުނަން އަހަރުމެންނާ ހަމައަށް އިންސާނުންނަށް ވާޞިލްވެސް ނުވެވޭނެ، އަހަރުމެން ބޭނުންވެގެން ނޫންގޮތަކަށް……..” މީކާޢިލްއަށް ކަމެއްވާހެންވެސް ހީނުވެއެވެ.

“ކަލޭގެ ތިހުނަރު ބޭނުންކުރަނީ މުޅިންވެސް މީހުންގެ ދިރިއުޅުން ހަލާކު ކުރުމަށް، މުދަލާ ފައިސާ އާއި ތަންމަތީގެ އަރާމު އެއީ ކަލޭ މިދުނިޔެމަތިން ބޭނުންވާ އެއްޗަކީ، އަހަންނަށް ކަލޭ ސިފަވަނީ އެފަދައިން، ކަލެއަށް ތިކަން ދަސްކޮށްދިނީ މީނދަ ޖާވިދުގެ ކާފައެއްނު، އޭނަ އަކީ ކަލޭކަހަލަ މީހެއްނޫން، ކަލޭ އެމީހުންގެ މުދާގަނޑު ބޭނުންވެގެން ކަންތައްނުކުރަންތަ؟ އެކަމުގަ ޖާވިދުގެ މަންމަ އާއި ބައްޕަ ނިޔާވީ، އެމީހުންނަށް ޖެހުނީ ގޮތްނޭނގޭ ބައްޏެއްނު، ޑޮކްޓަރުންގެ ބޭހަށް ކަމެއްނުވުމުން ދެން އެމީހުންނަށް ފަރުވާކުރީ ކަލެއެއްނު، ކޮންމެ އަހަރަކު ކަލޭ އެގެއަށް އަންނަނީ އެބޭނުމުގަ، ވިލިގިލީ ގަސްތަކުތެރޭ އިރުއަރައިގެން އަންނަވަގުތު ބަރަހާނާހާލުގައި ފުރޮޅެނީ ކަލެއަށް ހިތްހަމަޖެހުން ލިބޭތިތަ؟ ޖާވިދުގެ ފަރާތުން ކަލެއަށް ހަފްސާގެ ވާހަކައަޑު އިވުމުން ކަލެއަށް ހީވީ ދުނިޔެ ރަންވިހެން، ހަފްސާ ކަހަލަ ހުވަފަތްވެފައިވާ އަންހެނެއްގެ މުދަލާ ފައިސާ އޮތުމުން އެކަމަށް ވެރިވެގަތުމަށް ފަސޭހަ ވާނެތީ ކަލޭ އައީ، އޭރު ކަލެއަކަށް ނޭނގޭ ތިފުންމާލެވުނީ އަނދަ އަނދާ ހުރި އަލިފާންގަނޑަކަށް ކަމެއް…..އޭގަ ކަލޭވެސް އަނދައިގެން ގޮސްދާނެކަމެއް…..މިރޭ ކަލޭ ކިތަންމެ މަސައްކަތެއް ކުރިޔަސް މިގޭން ނުކުންނާނީ އަހަރެން ނޫނީ ކަލޭ، ކޮންމެވެސް އެކަކު، ތީ ދުނިޔޭގައި ބަހައްޓާ ވަރުގެ އިންސާނުންނެއްނޫން…..އޭއި….” މީކާޢިލް ހަޅޭއްލަވައިގަތެވެ. އެއާއެކު ކޮޓަރީގެ ހަތަރު ފާރުވެސް ހީވީ ފުނޑު ފުނޑުވެދާނެ ހެނެވެ.

މަނިކުގެ ކިޔެވެލި ވަރުގަދަ ކުރަމުން ދިޔައެވެ. އޭނައަށް މީކާޢިލްގެ އަނގަ ބަންދެއް ނުކުރެވުނެވެ. އޭރު ޖީބުން ނެގި ކުޑަފުޅީގެ މަތި ނެގުމަށްފަހު އެއަށް ދޭތެރެއަކުން ފުމެލައެވެ. އަނދަމުން ދިޔަ އަނގުރުގަނޑަށް ކައިރީގައި ހުރި ކޮތަޅުން ހުދުކޮށް ހުރި އެއްޗެހީގެ މުށެއްނަގާ އެއަށް އަޅާލިއެވެ. އަދި ކިޔަވަމުން ތެދުވިއެވެ. ވާތުން ކަނާތުގައި ހިފަހައްޓަލުމަށްފަހު އަތުގައި އޮތް ކުޑަފުޅީގައި ހުރި ތެޔޮ މީކާޢިލްގެ ގަޔަށް ޖަހަންފެށިއެވެ. އެއާއެކު އަނެއްކާވެސް މީކާޢިލް ހަޅޭއްލަވައިގަތެވެ. އޭނަގެ ގަޔަށް މަނިކު އެކުޑަފުޅީގައި ހުރި އެއްޗެހި ޖަހާ ހުސްކޮށްލިއެވެ. މީކާޢިލްގެ ގައިގާ ގޮސް ޖެހޭ ކޮންމެ ތެޔޮ ކޮޅަކުން އަޑުކިޔައިގެން ދާއިރު ހީވަނީ އުނދުންމައްޗަށް އުދާފައި ހުރި ތާހަކަށް ފެންއެއްޗެއް އަޅާލީމަ ގޮވާ ޗީސް އަޑުހެންނެވެ. މީކާޢިލްގެ ގައިގެ ތަންތަން ކަނޑަކަނޑައިގެން ދާންފެށިއެވެ. އެއާއެކު ލައިގެން ހުރި ކަޅުކަޅު ޓީޝާޓު އިރާލިއެވެ. މީކާޢިލް އާއި ކުޑަތަންފުކެއް ދުރުގައި ހުރި މިޝަލްއަށް ބަލާކަށް ކުޅަދާނެއެއް ނުވިއެވެ.

“މީކާޢިލް……މީކާޢިލް……” މިޝަލްއަށް ބާރުބާރަށް ރޮވެންފެށިއެވެ.

“ކަލޭގެ ނަމަކީ އެހެންވީރު މީކާޢިލްދޯ….ކަލޭ އަންދާލާނީ މިހިރަ އަންހެން ކުއްޖާގެ ކުރިމަތީގަ، ކަލޭ ތިބުނާ ކަލޭގެ އަނބިމީހާގެ ކުރިމަތީގަ، ކަލޭގެ ދަރިއޭ ތިކިޔާ ކުޑައެތިވެސް މަރާލާނަން……” މަނިކު ރުޅިއައިސް ރަތްވެ ހުރެ ބުނެލިއެވެ.

“މަނިކާ ކަލެއަށް ތިކުރެވެނީ ވަރަށް މޮޔަކަމެއް” މީކާޢިލްގެ ބާރުވަމުން ބަދަލުވަމުން ދިޔައަޑާއިއެކު ބުނެލިއެވެ. މަނިކު މީކާޢިލްގެ ކުރިމަތީ ހުރެ ކިޔަވަންފެށިއެވެ.

މިޝަލްއަށް ކުއްލިއަކަށް ފެނުނީ މީކާޢިލްގެ ވަރައިގައި ހުޅުފެޅިތަނެވެ. އެކަމަކު ޖާވިދު އާއި ހަފްސާއަކަށް އެމަންޒަރެއް ނުފެނެއެވެ. މަނިކުގެ ތުނަފަތަށް ހިނިތުންވުމެއް ވެރިވިއެވެ. މީކާޢިލް ހާޅޭއްލަވަން ފެށިއެވެ. އެއާއެކު ކޮޓަރީގައި ހުރި ޑްރެސިން ޓޭބަލްގެ ބިއްލޫރި ގަނޑު ތަޅައިގެން ދިޔައެވެ. ކުޑަދޮރުގެ ބިއްލޫރިގަނޑުވެސް މެއެވެ. މިޝަލް ހަޅޭއްލަވައިގަތެވެ.

“ހެޔޮނުވާނެ ތިހެން ނަހަދާ، މަންމާ، ކިހިނެއްވެފަތަ ތިއިނީ……….ބުނެބަލަ އެހެން ނަހަދާށޭ، ޕްލީޒް ތިއެންމެގެ ކައިރިން އާދޭސް ކުރަން، މީކާޢިލްއަށް އެހެން ނަހަދާ، މަންމާ އަހަރެން މަރުވެދާނެ، އޭނައަށް އެހެން ނަހަދާ…..އޭތް! ކަލޭމެންނަށް އަޑެއްނީވޭތަ އަހަރެން މިކިޔާއެއްޗެއް……..” މިޝަލް ހަޅޭލަވަން ފެށިއެވެ. ހީވަނީ މޮޔައެއް ހެންނެވެ. ހަފްސާގެ ލޮލުން ކަރުނަ އައެވެ. ޖާވިދުވަނީ ބުނެދޭން ނޭގޭ ހާލެއްގައެވެ. އޭނަގެ ސިކުނޑީގައިވަނީ މީކާޢިލް ދެއްކި ވާހަކަތަކެވެ. އެއީ ހަމަ ތެދެއްބާއެވެ. އޭނަގެ އާއިލާގެ މީހުން މަރުވީ ހަމަކުއްލިއަކަށެވެ. މަންމަ އާއި ބައްޕައަށްވެސް ވީ ހަމަ އެހެންނެވެ. އެމީހުންނަށް ޖެހުނީ ގޮތްނޭގޭ ބައްޔެކެވެ.

މަނިކު އާއި ދިމާލަށް އަންނަން އުޅުނު މިޝަލްއަށް މީކާޢިލް ހުރަސް އެޅިއެވެ. މިޝަލްއަށް ކުރެވޭނެ ކަމެއްނެތުމުން އަދި ކުރިއަށްވުރެ ބާރަށް ރޯންފެށިއެވެ. މަނިކު މިޝަލްއަށް ނުބައި ގޮތަކަށް ބަލާލަމުން އޭނަ ކުރިން އިންތަނުގައި ގޮސް އިށީނެވެ. އަދި ބޮލުގައި އޮތް ރުމާފަޅިނަގާ އޮޅާލާފައި ވައިގެ ތެރެއަށް ވާންކޮށް ޖަހާލިއެވެ. އެއާއެކު މީކާޢިލްގެ ހަށިގަނޑުގެ އެތަށްމިތަން ޒަހަމްވެގެން ދިޔައެވެ. މީކާޢިލްގެ ކަޅިއަރައިގެން ދިއުމާއެކު ބާރު ހަޅޭކެއްގެ އަޑުއިވުނެވެ. މަނިކުގެ ހަރަކާތް ވަރަށް އަވަހެވެ. އޭނަ އެއްކަލަ ކޮތަޅުން ހުދުކުލައިގެ މުށްވަރެއް ނަގާ އަޅާލުމާއެކު ޖެހިގެންއިން އަނެއްކޮތަޅުގައި ހުރި ކަޅު ކުދި ފުއްތަކުންވެސް މުށެއްނަގާ އަނގުރު ގަނޑުތެރެއަށް ޖަހައިފިއެވެ. ކިޔަވެލީގައި ވަރުލަމުން ގޮސް މަނިކުގެ އެންމެ ފަހު މަންތިރި ބެހެއްޓީއެވެ.

އެންމެންގެ ސަމާލުކަން ކުއްލިއަކަށް ހުއްޓުނީ ވޭނުން ފުރިގެންވި މިޝަލްގެ ހަޅޭކަށެވެ. އޭރުވެސް މީކާޢިލްގެ ކަޅިއަރާފައި ހުރިގޮތަށް ހުރީއެވެ. ޖާވިދާ ހަފްސާއަށް މިޝަލްގެ ދެފައިތިލައިން ފެށިގެން ކަޅުވަމުން މައްޗަށް އަރަމުން އަންނަ ކުލަގަނޑު ފެނުނީ ހަމައެވަގުތުއެވެ. މިޝަލް އަވަސް އަވަހަށް ދަރިފުޅު އޭނަގެ އެނދުގައި ބާއްވާލިއެވެ. މުޅި ކޮޓަރިތެރެއިން އޭރު މިނިއަނދާވަސް ދުވަންފަށައިފިއެވެ. މަނިކު ދެވަނަ ފަހަރަށް އަނގުރުގަނޑު ތެރެއަށް ޖެހި ކަޅުފުއްތަކުގެ މުށާއެކީ މިޝަލް ދެކަކޫ މައްޗަށް ތިރިއަށް ވެއްޓިގެންދިޔައެވެ. ހަފްސާގެ ހާޅޭކާއެކު ޖާވިދުވެސް ތެދުވެއްޖެއެވެ.

“މަގޭ ދަރި، ހުއްޓާލާ……ދެން ހުއްޓާލާ…” ހަފްސާ ހަޅޭލަވައިގަތެވެ. ހަމައެވަގުތު މުޅިގެއަށް ލޮޅުން އަރައިގެން ދިޔައެވެ. ކުޑަދޮރުން ވަންނަންފެށި ބާރު ވައިރޯޅިތަކާއިއެކު މަނިކުގެ ގާތުގައި ހުރި ކޮތަޅުތައް ދުރަށް ދާންފަށައިފިއެވެ. ވާނުވާ ނޭގިފައި އިން މަނިކު އަދިވެސް ކިޔަވަނީއެވެ. ބޭރުގައިވާ ގަސްތައް ހީވަނީ މުލުން ލިހިގެން އެކޮޓަރިއާއި ދިމާލަށް އައިސްދާނެހެންނެވެ. ވިދާ ގުގުރަންވެސް ފަށައިފިއެވެ. މިޝަލްއަށް އެއްވެސް ކަމެއް ވެގެން ނުވާނެއޭ މަނިކު ޖާވިދު އާއި ހަފްސާއަށް ބުނެލިއެވެ. މަނިކުއަށް ގޯސްކޮށް ކުރެވުނީ ކޮންކަމެއްތޯ އޭނަ ބަލާ ހޯދަންފެށިއެވެ. އޭނަ އެންމެ ފަހަށް ބަހައްޓާފައި ހުރި ކުދިކުދި ކަޅުފުއްތަށް ހުރި ކޮތަޅަށް ބަލާލިއެވެ.  އެއާއެކު މީހާގެ ހިތަށް ބިރުވެރިކަން ވަދެގެން ދިޔައެވެ. މިވީ ކިހިނެއްބާއެ ހިތައްއެރިއެވެ.

މަނިކު ދިޔައީ ސިހިގެންނެވެ. ވިދާލި ގަދަ ވިދުވަރާއި ޖެހި ބާރު ގުގުރިއާއެކު ކުޑަދޮރުގެ ކައިރީ މީކާޢިލްގެ ފަހަތުގައި އެތިބަ ބިޔަ ބޮޑު ދެމީހުން ފެނިފައެވެ. ގުގުރީގެ އަޑާއިއެކު އޭނަގެ ކަންފަތް ހީވީ ބައްވިހެނެވެ. އެއީ ކޮންތާކުން އަންނަންޖެހުނު ބައެއްހެއްޔެވެ. ދެމީހުންގެ ތެރެއިން އެކަކުގެ މޫނުގެ އެއްފަޅިވަނީ ވަރަށް ބޮޑަށް ފިހިފައެވެ. އަނެކަކުގެ ސިފަ އާއި މީކާޢިލްގެ ސިފައާއި މާބޮޑު ތަފާތެއް ނެތެވެ. އޭނަގެ ހައިބަތާ ބާރު ބަލާލުމުންވެސް މަނިކަށް ފެނިގެން ދެއެވެ. މިވާ ހުރިހާ ކަމަކީ އެދެމީހުން ކުރާ ކަންތައްތައްކަން މަނިކުއަށް އެނގުނެވެ.

އައިޒަން އާއި ޒިޔަޒެލްގެ މޫނުމަތިން ރުޅިވެރިކަން ފެންނަން ހުއްޓެވެ. އައިޒަން މީކާޢިލްގެ ބޮލުގައި ދެއަތުން ހިފަހައްޓާލިއެވެ. އެއާއެކު މީކާޢިލްގެ އަރާފައި ހުރި ކަޅި މެދަށްޖެހި ރަނގަޅުވެއްޖެއެވެ. ޒިޔަޒެލް މީކާޢީލްގެ ވަރާގައި ދެއަތްދެއަތާއި ހާކާލުމަށްފަހު އަތްހާކާލިއެވެ. އެއާއެކު މީކާޢިލްގެ ވަރާގައި ހިފާފައިހުރި އަލިފާން ނިވިގެން ހިނގައްޖެއެވެ. ހަށިފުރާ ލެވުނު ނޭވާއާއިއެކު މީކާޢިލްއަށް ތެޅިގަނެވުނެވެ. މިޝަލްފެނިފައެވެ. މިޝަލްގެ ވޭނީ ހަޅޭކާއި އޭނަ އުޅޭގޮތް ފެނުމުންނެވެ.

މިޝަލް އޭނަގެ ދެފައި ފޮޅަނީއެވެ. ފައިން ފެށިގެން ކޮންމެވެސް އެއްޗެއް އޭނަގެ ގަޔަށް އެބައަރައެވެ. އޭގެން ސަލާމަތްވުމަށް ތެޅިފޮޅެނީއެވެ. ނަމަވެސް އޭނައަށް އެކަމުން ސަލާމަތް ނުވެވޭނެކަން އެނގުނު ހިނދު، އޭނަގެ އަނގައިން ވޭނުން ފުރިގެންވި އާހްއެއް ނުކުމެން ދިޔައެވެ. އަވަހަށް މިޝަލްގެ ގާތަށް ދާން އުޅެގަތް މީކާޢިލްގެ ގައިގާ ޒިޔަޒެލް ހިފޭއްޓިއެވެ. އެވަގުތު އައިޒަން މިޝަލްއާއި ކައިރިވާން އުޅުނެވެ. ހުދު އޭނައަށްވެސް މިޝަލްއާއި ކައިރިއެއްނުވެވުނެވެ. ދިއްކޮއްލި އައިޒަންގެ ދެއަތް ވަގުތުން ދުރުކޮއްލެވުނެވެ. މީކާޢިލް ނޫނެކޭ ބުނެ މިޝަލްއާއި ދިމާލަށް އަނެއްކާ ވެސް ދާންއުޅުނެވެ.

މިޝަލްގެ ކަރުނުން ފުރިބަންޑުން ވަމުން ދާދެލޮލުން އީޝަލްއަށް ބަލާލިއެވެ. އައިޒަންއަށް މިޝަލް ބުނަން އުޅޭ އެއްޗެއް އެނގުނީކަންނޭގެއެވެ. އަވަހަށް ކާފަދަރިފުޅު އީޝަލް ނަގާ އުރާލިއެވެ. އޭރު މިޝަލްގެ އުނަގަނޑަށްވުރެ މައްޗަށް އެކަޅުކުލަ އަރައިފިއެވެ. މިޝަލްގެ އަނގައިން ވޭނީ އާހުގެ އަޑު ނޫންއަޑެއް ނުނިކުތެވެ. އައިޒަން އީޝަލް މިޝަލްއާއި ދުރުކޮށްލިއެވެ. މީކާޢިލްއަށް ދުރަކު ބަލާކަށް ނުހުރެވުނެވެ. ނަމަވެސް އައިޒަން މީކާޢިލްގެ ގައިގާ ހިފަހައްޓަމުން އީޝަލް ދިއްކޮއްލިއެވެ. މީކާޢިލްގެ ދެލޯ ކަރުނައިން ފުރިގެން ދިޔައެވެ. މިވީ ކިހިނެއްހެއްޔެވެ. މިޝަލްއަށް އެހެންވާންވީ ކީއްވެހެއްޔެވެ. މިޝަލްގެ ހަށިގަނޑު އަނދަންވީ ކީއްވެހެއްޔެވެ.

ކޮޓަރީގައި ހަފްސާގެ ރުއިމުގެ އަޑު ހަރުލައިފިއެވެ. ޖާވިދު ހަފްސާގެ ގަދަހަދަމުން ދިޔަ ހަށިގަނޑުގައި ހިފަހައްޓާލައިގެން ކޮޓަރިން ނުކުތެވެ. ޖެހިލުންވެފައިވާ މަނިކުއިނީ ދެންހަދާނެ ގޮތެއް ނޭގިފައެވެ. އެކޮތަޅުގައި ހުރި އެއްޗެހި ބަދަލު ކުރީ ކާކުބާއެވެ.

މިޝަލް އެންމެ ފަހުފަހަރަށް މީކާޢިލްއަށް ބަލާލިއެވެ. މީކާޢިލް ނުދާށެ ބުނާފަދަ ގޮތަކަށް ދެފަރާތަށް ބޯހޫރުވާލިއެވެ. މިޝަލްގެ މޫނުމައްޗަށް ހިނިތުންވުމެއް ގެނެވޭތޯ މަސައްކަތް ކުރިއެވެ. އެކަމަކު އޭނަގެ ގައިގާ އަޅާވޭނަށް ކެތްވަނީކީ ނޫނެވެ. ދިރިހުއްޓާ އަލިފާނުން މިހާ އަނދަމުން ދާއިރު ކިހާ ވޭނެއް އަޅާނެ ހެއްޔެވެ. މިޝަލްގެ ހަށިގަނޑުގެ ތިރީކޮޅެއް މަސައްކަތެއް ނުކުރިއެވެ. އޭނަ މަނިކުގެ ކޮތަޅުގައި ހުރި އެއްޗެހި އުކާލާފައި އެއަށް ކަބަޑުގައި ހުރި ފުޅިއަކުން އިސްބަގުލް އަޅާލިއިރު މިހެން ވެދާނެ ކަމަކަށް އެއްގޮތަކަށްވެސް ހިތަކަށް ނާރައެވެ. އެކަމަކު އެހިތަށް ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެއް ވިއެވެ. އެއީ އޭނަގެ ލޯބިވާ މީކާޢިލް އާއި ކުޑަކުޑަ އީޝަލްއަށް އެއްވެސް ކަމެއް ނުވީމައެވެ. އޭނަގެ ސަބަބުންނެވެ. އޭނައަށް ކޮންމެވެސް ކަމެއް ކޮށްދެވުނީމައެވެ. މިޝަލް މަނިކުއަށް ބަލާލީ ނަފުރަތުން ފުރިގެންވި ގޮތަކަށެވެ. އެއްޗެއް ބުނަންވެސް ބޭނުންވިއެވެ. އެކަމަކު މީހަކަށް ނުފެނުނު ކަމުގައި ވިޔަސް އޭނަގެ އެތެރެހަށި އަނދަމުން ދަނީއެވެ. ދުމުން ވައިނޮޅިތަށް ފުރެނީއެވެ. އެހާ ވަގުތެއް މިޝަލްއަކަށް ނެތެވެ. އޭނަ އަތުގައިވާ އުޅާގަނޑު ބޭލިއެވެ. މަޑުމަޑުން ތަޅުންގަނޑު މަތީ ބައިންދާފައި މީކާޢިލްގެ ފައިކައިރިއަށް ދާނޭ ގޮތަށް ދުއްވާލިއެވެ. އެއާއެކު ދެއަތުގެ އެހީގައި މަނިކުއާއި ދިމާލަށް ދާންފެށިއެވެ.

މިމަންޒު ބަލަން ހުރި މީކާޢިލްއަށް ކެތްވަނީކީ ނޫނެވެ. އޭނަގެ ގައިގާ އައިޒަން އާޢި ޒިޔަޒެލް ހިފަހައްޓައިގެން ހުރިއިރުވެސް މައިތިރިކޮށްލެވެނީ ހަމަ ކިރިޔާއެވެ. އޭނަގެ އަނގައިން ހަމައެކަނި ކިޔެނީ މިޝަލްގެ ނަމެވެ. އޭރު މިޝަލް މަނިކުގެ ގާތަށް ދާން މަސައްކަތް ކުރަނީއެވެ. މަނިކު ބިރުން ތެދުވިއެވެ. އޭނަ ދުއްވައިގަންނަން މަސައްކަތްކުރިއެވެ. އެކަމަކު އޭނަގެ ދެފައި ވަނީ ތަޅުންގަނޑާއެކު ހިފޭއްޓިފައެވެ. ނުފެންނަ ދެއަތަކުން އޭނަވަނީ ހިފަހައްޓާލެވިފައެވެ. އެހެންވާނީ ކީއްވެހެއްޔެވެ. އޭނަގެ ގައިގާ ހަށިރައްކަލަށް އަޅާފައިވާ ތަވީދުތައް ހުންނާނެއެވެ. އޭގެ ބާރުތައް ކޮބާހެއްޔެވެ. މިޝަލް މަނިކުގެ ފައިގާ ދެއަތުން ހިފިއެވެ. މަނިކު ބިރުން ތުރު ތުރުއަޅައގެން ދިޔައެވެ. ނަމަވެސް މިޝަލް ހީމެންވިއެވެ. އޭނަގެ އެންމެ ފަހުނޭވާ މިހާރު ކޮންމެ ސިކުންތެއްގެ ތެރޭވެސް ދޫކޮއްލަފާނެވެ. ފެންކަޅިވެ ރުޅިއައިސް ރަތްވެފައިވާ ބަލްޤިސްއަށް އުނޑުން ޖެހުނު މިޝަލް ބަލާލިއެވެ. ދެރަނުވާށޭ ބުނާފަދަ ގޮތަކަށެވެ. އޭނަގެ ވަގުތު ޖެހުނީއެވެ. އެއާއެކު ބަލްޤިސް މަނިކުގެ ބޮލުގައި ހިފާ ހަޅޭލަވައިގަތެވެ. މަނިކުގެ ބޮލުގެ ނާށިގަނޑުގެ ތެރޭން ސިކުނޑި ކެކެންފެށިއެވެ. އޭނަގެ ނޭފަތާއި، ކަންފަތާ އަނގައިން ލޭއަންނަން ފަށައިފިއެވެ. ލޮލުގެ ކަރުނަވަޅުންވެސް ނުކަންނަނީ ހުސްލެޔެއެވެ. މަރަށް ތެޅެމުން ދިޔަ މަނިކު އޭނަގެ ބޮލުގައިވާ ނުފެންނަ އަތް ނައްޓާލުމަށް މަސައްކަތްކުރިއެވެ. ހަޅޭލަވަން އުޅުނަސް އެކަމެއްވެސް ނުވުއެވެ. ނަމަވެސް މާގިނައިރެއްނުވެއެވެ. މަނިކުގެ ފުރާނަނެތް މަސްގަނޑު އެލިގެން ދިޔައެވެ. އޭރުވެސް ބަލްޤިސް މަނިކުގެ ބޮލުން ދުލެއްނުކުރެއެވެ. އޭނައަށް ކުރެވުނުކަންތަކަށް ވިސްނާލެވުނީ ދެނެވެ. ރޮއެރޮއެވާ ހާލުގައި މަނިކުގެ ބޮލުން ދޫކޮއްލިއެވެ. އެއާއެކު މަނިކުގެ މަސްގަނޑު އެއްވެސް ބާރަކާއިނުލާ ވެއްޓިޖެހުނު އަޑުއިވުނެވެ. އެއަޑަށް ބޭރުގައި ތިބި ހަފްސާ އާއި ޖާވިދު ވަންނަން އުޅުނެވެ. އެކަމަކު ބާރު ވައިރޯޅިއާއެކު ދޮރުލެއްޕުނުގޮތަށް ނުހުޅުވުނެވެ. ހަފްސާ ދޮރުގައި ތަޅަމުން މިޝަލްއަށް ގޮވިއެވެ.

ދެލޯމެރިފައިވާ މިޝަލް ހަމައެކަނި އޮތްކަމެވެ. އޭނަ ނޭވާ ލާހެނެއްވެސް ހިޔެއްނުވެއެވެ. ކޮޓަރިތެރެ ހިމޭންވެގެން ދިޔައެވެ. އައިޒަން މީކާޢިލްގެ ގައިން ދޫކޮށްލިއެވެ. ޒިޔަޒެލް ހައިރާން ކަމާއެކު ބަލާލިއެވެ. މީކާޢިލް ޒިޔަޒެލްގެ ގާތު މިޝަލް ސަލާމަތް ކުރުމަށް އެދުނެވެ. އެހެންނަމަވެސް ޒިޔަޒެލްއަށް ކުރެވޭނެ ކަމެއްނެތެވެ. އެހެންނޫނަންނަމަ އޭނަ މިހާރު ބަލާކަށްވެސް ނުހުރީހެވެ. ޒިޔަޒެލްވެސް މީކާޢިލްގެ ގައިންދޫކޮށްލަމުން އިސްޖަހާލިއެވެ. އޭނަގެ މޫނު އަނބުރާލީ އެދެލޮލުން ވެއްޓުނު ކަރުނަތިކި ފޮރުވުމަށެވެ. މިޝަލްފަދަ އިންސިއެއް މީކާޢިލްފަދަ ޖިންނިއެއްދެކެ ލޯބިއެވީ ކޮންފަދަ މަތިވެރި ދަރަޖައަކަށް ހެއްޔެވެ. އޭނަ އެދެމީހުންނަށްޓަކާ ނޭގިނަމަވެސް އަމިއްލަ ފުރާނަ ގުރުބާން ކުރީހެވެ. މީކާޢިލް މިޝަލްގެ ގާތަށް ޖެހިލިއެވެ. އެރީތި އަންހެން ކުއްޖާގެ ސިފަވަނީ ގެއްލިފައެވެ. ހަށިގަނޑުގެ ކުލަވަނީ ބަދަލުވެފައެވެ. އެހަށިގަނޑުން ދުވާ މީރުވަސްވެސް ވަނީ ގެއްލިފައެވެ.

ހަރަކާތް ކެނޑި މޫނުގެ ކުލަ ކަޅުވެފައިވާ މިޝަލްގެ ކޯތާފަތުގައި މީކާޢިލް މަޑުމަޑުން އަތްލިއެވެ. އެއާއެކު ލޯމަރާލައިގެން އޮތްމިޝަލްގެ އަނގައިން މަޑު އާހެއް ނުކުތެވެ. އޭނަގެ ހަށިގަނޑުގައި މީކާޢިލްއަށް ބަލާލާނެހާ ވަރުވެސް ނެތީއެވެ. މީކާޢިލްގެ ދެލޮލުން ވެއްޓުނު ކަރުނަތިކި ގޮސްޖެހުނީ މިޝަލްގެ ކޯތާފަތުގައެވެ. މިޝަލްގެ ދެލޮލުގެ ކޮޅުން ވެއްޓެންދިޔަ ކަރުނަތިކި މީކާޢިލް އެވަގުތު ފޮހެލަދިނެވެ. އަދި އެއްއަތުން މިޝަލްގެ ކަދުރާދަށަށް އަތްލައްވާލަވުން ނަގަން މަސައްކަތް ކުރިއެވެ. އެކަމަކު ހަމަ މީކާޢިލްގެ އަތްގޮސް ޖެހުމާއެކު މިޝަލްގެ އަނގައިން ދެވަނަ އާހްއެއްގެ އަޑު ނުކުތެވެ. މީކާޢިލް އަވަސް އަވަހަށް އަތްދުރައްލީ މިޝަލްގެ ހަށިގަނޑަށް ވޭން އިހްސާސްވިޔަ ނުދިނުމަށްޓަކައެވެ.

“ކީއްވެ މިޝަލް؟ އަހަރެން އެކަނިވާނެ ވަރެއް ނޭނގޭތަ؟ އަހަރެން ލޯބިވާވަރު ނޭނގޭތަ؟…..އަހަރެން ދިރިހުންނާނީ ކިހިނެއް، އަހަރެންގެ ހަށިގަނޑުގެ އެއްބަޔާ ނުލާ އަހަރެން ދިރިއުޅޭނީ ކިހިނެއް….އީޝަލްއަށް އޭނާގެ މަންމަ ބޭނުމެއްނުވާނެތަ” އޭރު މީކާޢިލްއަށް ހަމަ ރަނގަޅަށް ރޮވިއްޖެއެވެ. މިޝަލްގެ ގައިގާ އަތްލަންވެސް ނުކެރިފައިވާ މީކާޢިލްއަށް މިޝަލް އެއްޗެއް ބުނަން އުޅޭހެން ހީވިއެވެ. އެހެންވެ މިޝަލްގެ އަޑުއިވޭހާ ހިސާބަށް މީކާޢިލް ގުދުވެލިއެވެ.

މިޝަލް ވާހަކަދައްކަން މަސައްކަތްކުރިއެވެ. އެންމެ ފަހުނޭވާ ނުކުތުމުގެ ކުރިން އޭނަ އެކަން ކުރަން ބޭނުމެވެ. އަނެއްކާވެސް މިޝަލްގެ މެރިފައިވާ ދެލޮލުން ކަރުނައަންނަން ފެށިއެވެ. އެންމެ ފަހު ފަހަރަށް މީކާޢިލްއަށް ބަލާލަން އޭނަ ބޭނުމެވެ. ދަރިފުޅު ދެކިލަން ބޭނުމެވެ. އެކަމަކު މީ ގުދުރަތުގެ ނިޔާއެވެ. މިޝަލް އޭނަގެ ގަޔަށް ލީބާރާއެކު އަނގައިން ލޭއަންނަން ފެށިއެވެ.

“ލީން……މީކާޢި…..” މިޝަލްއަށް ބުނެވުނީ އެވަރަށެވެ. އޭނަގެ އެންމެފަހު ނޭވާ މިދުނިޔެއަށް ދޫކޮއްލީއެވެ. އެދެލޮލުންވެސް އެންމެ ފަހު ކަރުނަ ތިކި ވައްޓާލިއެވެ. މުޅިއުމުރަށް މީކާޢިލްއަށް މިޝަލް އަލްވަދާއުކީއެވެ. މިޝަލްގެ އަޑުކަޑައިގެން ދިޔުމާއެކު މީކާޢިލްއަށް ބަލާލެވުނެވެ. އޭނަ މިޝަލްގެ މޫނުގައި ހިފާ ދެފަރާތަށް ތަޅުވާލިއެވެ. އެއްވެސް ހަރަކާތެއް ކީއްކުރަން އާހެއްގެ އަޑުވެސް މިޝަލް ލައްވާނުލިއެވެ. ކައިރީގައި ހުރި ބަލްޤިސް ރޮމުން މީކާޢިލްގެ އަތުގައިވާ އީޝަލް ނެގިއެވެ. މީކާޢިލް މިޝަލްގެ ނަން ތިންހަތަރުފަހަރަށް ކިޔާލިއެވެ. މީކާޢިލް މިޝަލްގެ ފުރާނެތް މަސްގަނޑު ނަގާ ގައިގާ ޖައްސާލިއެވެ. އަދި ބާރު ބާރަށް ރޯންފެށިއެވެ. މިޝަލްގެ މޫނުގެ އެތަން މިތަނުގައި ބޮސްދޭންފެށިއެވެ. މިޝަލްއަށް ގޮވަންފެށިއެވެ. މިނެޓަކަށްފަހު މިނެޓެއް މިޝަލްގެ ހަށިގަނޑު ދިޔައީ ފިނިވަމުންނެވެ. މީކާޢިލްގެ ހިތަށް ކެތްނުވެގެން ހަޅޭއްލަވައިގަތެވެ. އެއާއެކު ކޮޓަރީގެ ސީލިންގުގައި ރެނދުލައިގެން ދިޔައެވެ. ހީވަނީ މުޅިމީހާ ކޮންޓުރޯލުން ނައްޓާފައިވާހެނެވެ.

އައިޒަން އަވަހަށް އޭނަގެ ދަރިފުޅު ގާތަށް ޖެހިލިއެވެ. އެދެލޮލުންވެސް ވަނީ ކަރުނަ އައިސްފައެވެ. އޭނަ މިޝަލްއަކީ އޭނަގެ ދަރިއެއްކަމުގައި ގަބޫލުކުރިތާ ގިނައިރުތަކެއް ނުވެ އެވަނީ މިދުނިޔެއާއި ވަކިވެފައެވެ. އައިޒަން މީކާޢިލްގެ ގައިގާ ދެއަތުން ހިފަހައްޓާލިއެވެ.

“ދަރިފުޅާ، މީކާޢިލް، މަސްގަނޑަކީ އެމީހުންގެ އެއްޗެއް….” އައިޒަން ވިސްނާދޭން މަސައްކަތްކުރިއެވެ.

“ނޫން، އެމީހުންނަށް މިޝަލްއެއް ނުލިބޭނެ، މިހެން މިޝަލްއަށް ހެދިބަޔަކީ އެމީހުންނު……….މިޝަލްއަކީ އަހަރެންގެ މިލްކެއް، މިމަސްގަނޑަކީވެސް އަހަރެންގެ މަސްގަނޑެއް، އެމީހުންނަށް އަހަރެން ދުވަހަކުވެސް މާފެއް ނުކުރާނަން…..އަހަރުމެންގެ ކުށަކީ ކޮބާތަ، އެކަކު އަނެކަކުދެކެ އިންތިހާއަށް ލޯބިވުންތަ…އަހަރެން މީހަކަށް ގެއްލުމެއް ނުދެން” މީކާޢިލް އޭނަގެ މޫނު މިޝަލްގެ ހަށިގަނޑުތެރޭ ފޮރުވާލިއެވެ. އެދެލޮލުން ހިފެހެއްޓުމެއްނެތި ކަރުނަ އޮހޮރެމުން ދިޔައެވެ. އައިޒަން މީކާޢިލް ނެގުމަށް މަސައްކަތް ކުރިއެވެ. ކޮންމެ ގޮތަކަށް ކަންތައްވިޔަސް މިހާރު މިވަނީ މިކަންތައް ނިމިފައިކަމުގައި އައިޒަން ބުންޏެވެ. ދެން އުޅެންވީ މިޝަލްގެ އާއިލާއަށް އޭނަ ދެއްކުމަށް ކަމުގައި ބުންޏެވެ.

ކުދިކުދިވެފައިވާ ހިތަކާއިގެން މީކާޢިލް ތެދުވިއެވެ. އޭނަގެ މޫނުމަތިން ރުޅިވެރިކަންވެސް ފެންނަން ހުއްޓެވެ. މީކާޢިލް މިޝަލްގެ ފުރާނަނެތް މަސްގަނޑު އަތްދަނޑިމައްޗަށް އުފުލާލިއެވެ. އަދި މަޑުކުރުމެއްނެތި ބޭރަށް އުދުއްސައިގަތެވެ. އޭރުވެސް އޭނަށް ރޮވެނީއެވެ.

ބަލްޤިސް މީކާޢިލްގެ ފަހަތުން އުދުއްސައިގަތީ މަނިކުގެ ފުރާނަނެތް މަސްގަނޑު ހިފައިގެންނެވެ. މީހަކަށް ދުވަހަކުވެސް ނުފެންނާނޭތަނަކަށް އޭނަ އެއްލާލުމަށެވެ. އެހެނީ އެފަދަނުބައި މީހެއްގެ ވަސްވެސް އެހެންމީހުންނަށް ދުވާކަށް ބަލްޤިސް ބޭނުމެއްނޫނެވެ. އޭނަ މިޝަލްއަކީ އިންސާނެއްކަމުގައި ވިޔަސް، މިޝަލްދެކެ އޭނަ ލޯބިވީ އޭނަގެ އަމިއްލަ ދައްތައެއް ދެކެ ލޯބިވާފަދައިންނެވެ.

ދޮރުގައި ތަޅަމުން ދިޔަ ހަފްސާ ކޮޓަރިތެރެއަށް ނުވެއްޓުނީ ކިރިޔާއެވެ. އެއީ ކުއްލިއަކަށް ހުޅުވިގެންދިޔަ މިޝަލްގެ ކޮޓަރީގެ ދޮރާއެކުއެވެ. އޭނައަށް އެކޮޓަރި ތެރޭން އެކަކުވެސް ނުފެނުނެވެ. ތަޅުންގަނޑުމަތީގައިވާ ލޭފިޔަވާ އިތުރުއެއްޗެއްނެތެވެ. ހަފްސާގެ ގާތުގައި ހުރި ޖާވިދުވެސް ހައިރާންވިއެވެ. ހަފްސާގެ ރުއިމުގެ އަޑު މުޅިގޭތެރޭގައި ފެތުރިގެން ދިޔައެވެ. ކޮޓަރީގައި ނުނިކުންނަން ތިބި ސާޝާ އާއި އަބޭވެސް އެކަކު އަނެކަކަށް ބަލާލާފައި އަވަހަށް ހަފްސާގެ ރޯއަޑު އިވުނު ދިމާލަށް ދުއްވައިގަތެވެ.

“މަގޭ ދަރިފުޅު، ޝެބީ……….ޝެބީ……” ހަފްސާއަށް މިޝަލް ނުފެނުމުން ގޮވާލެވުނެވެ. ނަމަވެސް ވަށައިގެންވަނީ ހަމަ ހިމޭންކަމެވެ. މޫނުގައި ދައަތް އަޅައި އަޑުންއަޑުނަގާ ރޯން ފެށިއެވެ. މުޅިއުމުރަށް އެދަރިފުޅު ނުފެންނާނެކަންވެސް ހަފްސާއަށް ނޭގެއެވެ. މިޝަލްއަށްވީ ކިހިނެއްކަމެއްވެސް އެމީހުންނަށް ނޭގެއެވެ. ޖާވިދު ހަފްސާގެ ކޮނޑުގައި ހިފާ ގާތްކޮއްލިއެވެ.

“މީ އަހަރެންގެ ސަބަބުން ވާންޖެހުނު ކަންތައްތައް، އަހަންނަށް އެއްފަހަރުނަމަވެސް ޝެބީ އެދުނު ކަންތައްތަކަށް އެއްބަސް ވެވުނުނަމަ، އެމީހަކީ ޖިންނިއެއްކަމަކު އަހަރެންނަށް އަދި ޝެބީއަށްވެސް ގެއްލުމެއްނުދޭ………އަހަންނަކީ ކުއްވެރިއެއް……..”ހަފްސާ މޫނުފޮރުވާލައިގެން އިނދެ ރޮމުންދިޔައެވެ. ޖާވިދު އެހެން ނުބުނުމަށް ހަފްސާގާތު ބުނަމުންދިޔައެވެ.

“މިހުރިހާ ކަމަކީވެސް މަނިކުގެ ކަންތައްތައް، އޭނައަކީ މީކާޢިލް ބުނިފަދަ ނުބައި މީހެއް……….ހެޔޮނުވާނެ، ހަފްސާ ތިގޮތަށް ނުރޮއެ…” ޖާވިދު ހަފްސާގެނެސް މޭގައި ޖައްސާލައިގެން އިނދެ ބުނަމުންދިޔައެވެ.

* * * * * * * * * * * * * * * *

މިޝަލްގެ މަރަށްފަހު ދެމަސް ދުވަސް ހޭދަވެގެންދަނީއެވެ. މީކާޢިލްގެ އުޅުމަށް ބަދަލެއްނާދެއެވެ. އޭނަގެ ކަމަކީ އެދޮންވެލި ތުނޑީގައި އޭނަގެ ހުރިހާ ވަގުތެއް ހޭދަކުރުމެވެ. އެއީ އޭނަ އެންމެފަހުން މިޝަލްއާއިއެކު ވަގުތު ހޭދަކުރި ތުނޑިއެވެ. މީހުންނޫޅޭ ފަޅުރަށެކެވެ. މިޝަލްގެ މަހާނަވެސްވަނީ އެރަށުގައެވެ. އެއީ މިހާރު މީކާޢިލްގެ ގެއެވެ.

ދޮންވެލި ތުނޑީގައި ދެވަރަ ހުޅުވާލައިގެން އޮތް މީކާޢިލްގެ ދެލޯވަނީ މެރިފައެވެ. އޭނަގެ ދެފައިގައި ބީއްސާލާ ރާޅުތައް ފިރުމަމުންދިޔައެވެ. މީކާޢިލް މިޝަލްއާއިއެކު ހޭދަކުރި ކޮންމެ ވަގުތެއްގެ މަންޒަރުތައް ބަލަމުންދިޔައެވެ. އެހެނީ ކޮންމެ ތަނަކަށް ބަލާލިޔަސް އޭނަށް އެތަނަކުން މިޝަލް ސިފަވެގެންދެއެވެ. މިޝަލްގެ އޯގާތެރި ފިރުމުންތަކަށް އަދިވެސް މީކާޢިލްގެ ހިތް ގޮވަމުންދެއެވެ. މިޝަލްގެ ހަދާންތަކާ، މިޝަލްގެ ކޮންމެ ބީހިލުމެއް މީކާޢިލްއަށް އަދިވެސް އިޙްސާސްވެއެވެ. އެއުފާހޯދި ވަގުތުކޮޅުތަށްމަތިން ހަދާންވާ ކޮންމެ ފަހަރަކު އެދެލޮލުން ހޯސްލާފައި ކަރުނައާދެއެވެ. އެހެނީ ދެން ދުވަހަކުވެސް އެއުފާވެރިކަމެއް އަނބުރާ ނުލިބޭނެތީއެވެ. ކެތްވާނީ ކިހިނެއްހެއްޔެވެ. މީކާޢިލް މިޝަލް އާއިއެކު ދެކުނު ހުވަފެންތައް މިއަދުމިވަނީ ކުދިކުދިވެފައެވެ. މިޝަލްގެ ފުރާނަ އެހަށިގަނޑާވަކިވި ހިނދުން ފެށިގެން މީކާޢިލްގެ މުޅި ހަޔާތް އަނދިރިވެއްޖެއެވެ. މީކާޢިލް ހަމައެކަނި ދިރިހުންނަން މަސައްކަތްކުރަނީ އީޝަލްއަށްޓަކާއެވެ. މިޝަލް ދޫކޮށްފަދިޔަ ނިޝާނަށްޓަކައެވެ.

މީކާޢިލްއަށް މިޝަލްގެ ފުރާނަވަކިވި ހިނދު އޭނަ ބުނަން އުޅުނީ ކީކޭކަން އެނގުނެވެ. އޭނަދެން އެއްވެސް އިންސާނެއްގެ ކުރިމައްޗަށް ދާކަށް ބޭނުމެއްނޫނެވެ. ނަމަވެސް މިޝަލް އެންމެފަހުވަގުތު އެދުނު ކަންތައްތައް މީކާޢިލް ކޮންމެ ހާލެއްގަވެސް ކުރާނެއެވެ. އޭނަ މިޝަލްދެކެ އިންތިހާއަށް ލޯބިވާތީއެވެ. މީކާޢިލް ކުއްލިއަކަށް ބަލާލީ މީހަކު އެތަނަށް އައިކަން އެނގުމުންނެވެ. އޭރު އޭނައާއި ދިމާލަށް ބަހީރާ ބަލަން ހުއްޓެވެ. މީކާޢިލް މަޑުމަޑުން ތެދުވިއެވެ. އަދި ދެވަރަގައި ވައި އަޅުވާލަމުން ތަޅުވާލިއެވެ. އޭގައި ހަރުލާފައި ހުރި ކުދިވެލިފުއްތަށް ފައިބައިގެން ދިޔައެވެ. އޭނަ ހިނގައިގަތީ ބަހީރާ އާއި ދިމާލަށެވެ.

ބަހީރާގެ ލޮލުގައިވަނީ ހަމްދަރުދީގެ ކުލަވަރެވެ. މީކާޢިލް ކައިރިއަށް އައުމުން އޭނަގެ އަތުގައިވި ކުޑަކުޑަ އީޝަލް ނަގާ ދިއްކޮލިއެވެ. މީކާޢިލް ދަރިފުޅު ކަނާތްފަރާތަށް ވާގޮތަށް އުރާލިއެވެ. އީޝަލް ލޯބަޑުކޮށްލައިގެން އޮވެ އެކިތަންތަން ހޯދާކަހަލައެވެ.

“ދަރިފުޅު ތިހެން އުޅުނީމަ، އީޝަލްގެ ކަންތައްތަކަށް އަޅާލާނީ ކާކު، މަންމަ ހުރިހާ ކަމެއްކޮށްދިނަސް އެކުއްޖާއަށް މިޝަލްދިން ގޮތަށް ލޯތްބެއް ނުދެވޭނެ، ވީއިރު ދެން ހުރީ ދަރިފުޅު، މިކުއްޖާގެ ބައްޕައެއްނު ތީ، އީޝަލްއަށް އޭނަގެ މަންމަނެތްތާ، ބައްޕަގެ ލޯބި އުނިވިޔަ ނުދީ މީކާޢިލް………މަންމައަށް އެނގޭ ދަރިފުޅު މިޝަލްދެކެ ވަރަށް ލޯބިވާކަން، އެކަމަކު މާޒީގައި ހިފައިގެން އުޅެންޏާ މީހާއަށް ކުރިއަކަށް ނުދެވޭނެ، މިހާރުވީ އީޝަލް އާއިމެދު ވިސްނަން، ދަރުފުޅަށް އިނގޭނޭފަދައިން އީޝަލްއަކީ އިންސިއެއްގެ ދަރިއެއް، އަހަރުމެން އޭނައަށް ވަރަށް ބަލަން ޖެހޭނެ” ބަހީރާ މީކާޢިލްއަށް ވިސްނައިދެމުން ދިޔައެވެ.

ހަވީރުގެ ވަގުތެވެ. އަލައިނާ ބެލްކަންޏަށް ނުކުތީ ވައިޖައްސާލުމަށެވެ. އޭނަ ރެހާން އާއި ކައިވެނިކުރީއެވެ. އަދި އެދެމަފިރިން އުޅެމުންދިޔައީ މަލަކާގެ ގާތުގައެވެ. ރެހާންވީ މިޝަލް ބުނިފަދަ ރަނގަޅު އޯގާތެރި ފިރިއަކަށެވެ. ރެހާންއަށް ނޭގުނު ކަމުގައިވިޔަސް އަލައިނާ މިޝަލްއާއި ދޭތެރޭ ވިސްނައެވެ. މިޝަލްއަށް ވީ ކިހިނެއްބާއޭ އޭނަގެ ހިތަށް އަރައެވެ. އަލައިނާ އަދިވެސް ހަފްސާ އެގެއަށް އެހިތާމަވެރި ހަބަރައިގެން އައިގޮތް ހަނދާން އެބަހުއްޓެވެ. އެމީހުން މިހާރު އެވާހަކައެއް ނުދައްކައެވެ. ހަފްސާވެސް އޭރު އުޅުންގެވިއްކާލީއެވެ. އެކަނިވެރި ދިރިއުޅުމެއް އުޅެން ޖެހުމުން ޖާވިދުގެ ގެއަށް ބަދަލުވީއެވެ. މަލަކާއާއި ދިމާވަނީ ފޯނުންނެވެ. އެވެސް މަދު ފަހަރަކުއެވެ. އެއިން ކޮންމެ ފަހަރަކު ހަފްސާގެ ރުއިމުގެ އަޑުއިވޭނެއެވެ. އަލައިނާއަށް އޭނަގެ ދިރިއުޅުމުގައި ގާތްއެކުވެރިޔާގެ އުނިކަން ފާހަގަކުރެވެއެވެ. އެކަމަކު އެކަމަށް ބަދަލެއް ގެންނާކަށް އޭނަ ބޭނުމެއްނޫނެވެ. މިޝަލްއަކީ އެހެންމީހަކާ އެއްވުރު ކުރެވޭވަރަށްވުރެ އޭނަގެ ދިރިއުޅުމުގައި ހާއްޞަމީހެކެވެ.

ކުއްލިއަކަށް އަލައިނާގެ ލޮލުގައި އަޅައިގަތީ މަގުމަތީ ކުޑަކުއްޖެއް ކޮނޑަށް ލައިގެންހުރި ޒުވާނާއެވެ. ކަޅުޓީޝާޓަކާއި ކަޅުޖިންސެއް ލައިގެން ހުރި ޒުވާނާގެ ގައިގާ ދަންނަ ވައްތަރު ޖެހިއެވެ. އަލައިނާއަށް އެހަނދާން ތަކެއް އައުމުން މީހާ ސިހިގެން ދިޔައެވެ. އޭނަގެ ދުލުން މީކާޢިލްގެ ނަންކިޔާލެވުނެވެ. އޭރު އެޒުވާނާ ހުރީ އަލައިނާއާއި ދިމާލަށް ބަލަހައްޓައިގެންނެވެ. އަލައިނާ އަވަސް އަވަހަށް އެޒުވާނާ ހުރިދިމާލަށް ދިއުމަށް ހިނގައިގަތެވެ. އޭނަގެ ހިތުގައި އެއްވެސް ބިރެއްނެތެވެ. އަލައިނާ އޭނަގެ އެންމެގާތް އެކުވެރިޔާ ވީތަނެއް ހޯދަން ބޭނުމެއެވެ. މިޝަލް ވީތަނެއް ބުނެދެވޭނީ ހަމައެކަނި މީކާޢިލްއަށެވެ. އެޒުވާނާއަކީ މީކާޢިލް ނޫންމީހަކަށް ނުވާނެއެވެ.

އަލައިނާ ފެނުމާއެކު އެޒުވާނާ ހިނގައިގަތެވެ. ހީވާގޮތުން އޭނަގެ ފަހަތުން އަލައިނާ ދިއުމަށް ބޭނުންވަނީ ކަންނޭގެއެވެ. އަލައިނާ ބަލަންނުހުރެ އޭނަގެ ފަހަތުން ހިނގައިގަތަވެ. ފަޔަށް ކިތަންމެ ބާރު ލާފައި ހިނގިކަމުގައި ވިޔަސް އަލައިނާއަކަށް އެޒުވާނާއާއި އެއްވަރު ކުރެވޭ ގޮތެއްނުވިއެވެ. އެހެންވެ އަލައިނާ ދިޔައީ އޭނަ މަޑުކުރާނެ ވަގުތަކަށް ބަލަމުންނެވެ. ޕާކަށް ވަންނަންއޮތް ދިމާގައިވި ގަސްތައްކައިރިއަށް އެޒުވާނާ ދިޔަތަން އަލައިނާއަށް ފެނުނެވެ. ނަމަވެސް ދެންވީނުވީއެއް އަލައިނާއަކަށް ނޭގުނެވެ. އަލައިނާ ޕާކުގެ ތެރެއަށް ވަނެވެ. އޭނައަށް އެތާނގެ ގޮނޑިއެއްގައި ކަޅުއެއްޗެހީގައި އިން ޒުވާނެއް ފެނުނެވެ. އޭރު އެތަނުގައި އޭނަ ނޫން ދެވަނަ މީހެއް ނުވެއެވެ. ދުވެފައި ކަހަލަ ގޮތަކަށް ގޮސް އޭނަގެ ކުރިމަތީ އަލައިނާ ހުއްޓުނެވެ.

އަލައިނާއަށް ލިބުނު ހައިރާންކަމާއިއެކު ދެލޯ ބޮޑުވެ އަނގަމަތީ އަތްއެޅުނެވެ. އެއީ ހަމަ އެޒުވާނާއެވެ. އެދުވަހު ރެހާން އާއިއެކު ސައިކަލުގައި ދިޔަ ޒުވާނާއެވެ. އެފެހި ދެލޮލެވެ. ރީތިކަމުން ފުރިގެންވި ސިފައެވެ. އޭނަގެ އަތުގެ ތެރޭއޮތް ކުޑަ ކުއްޖާއަށް ބަލާލިއެވެ. ލޯބި ލޯބި ކުއްޖެކެވެ. ފެހި ދެލޮލެއް ލިބިފައިވީނަމަވެސް އެއީ މިޝަލްގެ މޫނެވެ. އެތުންފަތާ، އެނޭފަތެވެ. އަލައިނާގެ ލޮލުން ކަރުނައައެވެ. ބުނާނެ އެއްޗެއް ނޭގުނެވެ. އެއީ މިޝަލްގެ ދަރިފުޅު އީޝަލްއެވެ. އެޒުވާނާއަކީ މީކާޢިލްތާއެވެ. މިޝަލްގެ އެކިއެކި ފަހަރުމަތިން ދެކެވިފައިވާ ވާހަކަތައް އަލައިނާގެ ސިކުނޑީގައި ދައުރުވާންފެށިއެވެ. އަލައިނާއަށް އަނގަހުޅުވާލެވުނީ މީކާޢިލްގެ ނަން ކިޔާލުމަށެވެ. ހަމައެވަގުތު މީކާޢިލް ބޯޖަހާލަމުން މީކާޢިލްއޭ ބުނެލިއެވެ. އަލައިނާއަށް އެވަގުތު ކުރިއިހްސާސް ބަޔާންކުރަންވެސް ދަތިވިއެވެ. އޭނައަށް މީކާޢިލްގެ ގާތުގައި އެގޮނޑީގައި އިށީދެވުނެވެ. މީކާޢިލް ވާހަކަދައްކަން ފެށިއެވެ. އެންމެ ފުރަތަމަ މީކާޢިލް އާއި މިޝަލް ދިމާވި ދުވަހުން ފެށިގެން، މިޝަލްގެ ހުރިހާ އެންމެންނާއި އަލްވަދާއު ކީދުވަހާ ހަމައަށް ވީ ހުރިހާ ކަމެއްގެ ވާހަކަ އަލައިނާއަށް ކިޔާދިނެވެ. އޭރު އަލައިނާއަށް ގިސްލަ ގިސްލާފައި ރޮވެނީއެވެ. މިޝަލްގެ އެންމެ ފަހު އެދުމަކީ މިއީކަމުގައި މީކާޢިލް ބުންޏެވެ. އަލައިނާއަށް ހުރިހާ ވާހަކައެއް ކިޔާދޭން މިޝަލް އަބަދުވެސް ބޭނުންވާ ވާހަކަ މީކާޢިލް ބުންޏެވެ. އަދި އޭނަ މިޝަލް ދެކެ އިންތިހާއަށް ލޯބިވާ ވާހަކަ ބުންޏެވެ. އޭނަގެ ފުރާނަނެތް މަސްގަނޑު ގެންދިޔައީ މީކާޢިލް ކަމުގައިވެސް ބުންޏެވެ. މިއަދު މިޝަލް އަލައިނާގެ ގާތަށް މީކާޢިލް އައުމަށް ނޭދުނުނަމަ، މީކާޢިލް އެއްވެސް އިންސާނަކަށް ނުފެންނާނެ ކަމަށް މީކާޢިލް ބުންޏެވެ. އޭނަ އަލައިނާއަށް ހުރިހާ ވާހަކައެއް ކިޔާދީ ނިންމާފަ އީޝަލް ގޮވައިގެން މުޅިއުމުރަށް އިންސާނުންގެ ލޯމައްޗަށް ގެއްލޭނަން ކަމުގައި ބުންޏެވެ. އަލައިނާ ކުޑަކުޑަ އީޝަލްއަށް ބަލާލިއެވެ. އަދި އުރާލުމަށް މީކާޢިލްގެ ގާތުން ހުއްދައަށް އެދުނެވެ. މީކާޢިލް އެކުއްޖާ އަލައިނާގެ އަތަށް ދިއްކޮއްލިއެވެ. އަލައިނާ އެންމެ ފަހުފަހަރަށް އީޝަލްއަށް ބަލާލިއެވެ. މޭގައި ބޮނޑިކޮއްލަމުން އެކުއްޖާއަށް ލޯބިކޮއްލީ ރޮއެ ރޮއެ އޮތް ހިތަކާއެކުއެވެ. އެއީ މިޝަލް މިދުނިޔެއަށް ދޫކުރި ހަމައެކަނި ނިޝާނެވެ. މިއަދުން ފެށިގެން ދެން ދުވަހަކުވެސް އެކުއްޖާއެއް އަލައިނާއަކަށް ނުފެންނާނެއެވެ. އީޝަލްގެ މޫނުގައި އަލައިނާ ބޮސްދިނެވެ.

“މީ ހަމަ ޝެބީ….އަހަރުމެންނާ ޝެބީ ވަކިވެގެން އެދިޔައީ އެފަދަ ކުޑަކުޑަ ޝެބީއެއް ދީފަ…..” އަލައިނާ ރޮމުން ބުނެލިއެވެ. އަދި މީކާޢިލްގެ އަތަށް އީޝަލް ލާދިނެވެ.

“ތީ މިޝަލްއަށް ހެޔޮއެދޭ ރަޙްމަތްތެރިއެއް، އަހަރެން އެކަން އަބަދުވެސް ހަދާން ކުރާނަން” މީކާޢިލް ތެދުވެ އަލައިނާ ގާތުދަނީއޭ ބުނެލިއެވެ. އޭނަ އީޝަލް ގޮވައިގެން ފާކުގެތެރެއިން ނުކުންނަން ދިޔަތަން ފެނުނެވެ. އެކަމަކު އަލައިނާ އެސްފިޔަ ޖަހާލާހައި ވަގުތުކޮޅެއްގެ ތެރޭ މީކާޢިލް ގެއްލިއްޖެއެވެ. އަލައިނާއަށް އެތާ އިނދެވުނީއެވެ. ގެއަށްދާންވެސް ނޭނގިފައެވެ. އޭނަ ހިތުގައި ވައުދުވިއެވެ. މީކާޢިލް އާއި އީޝަލްގެ ވާހަކައެއް އެކަކު ކައިރީވެސް ނުދެއްކުމަށެވެ. މިޝަލްގެ ހަގީގަތް ހާމަ ނުކުރުމަށެވެ. އެދުވަހުން ފެށިގެން މިޝަލް އާއި މީކާޢިލްގެ ގުޅުމުގެ ވާހަކަދެއްކުން ނިމުނީއެވެ.


ތިންވަނަބައި ނިމުނީ

3 Comments to “MEEKAIL [Book 3.2 – Death]”

Leave a Comment

Your email address will not be published. Required fields are marked *