THIYAEE MAGEY MITHURAA EY [EP: 09]

މެންދުރުފަހުގެ ވަގުތެވެ. ރާކިޒު ފޯނުގައި އިނދެ ކޮންމެވެސް ކަމެއް ނިންމަމުން ދިޔައެވެ. އޭނާގެ ކެބިންގެ ދޮރުގައި ޓަކި ޖަހާލުމާއިއެކު ޒީވާ ދޮރު ހުޅުވާލިއެވެ. އެހިނދު ފޯނުގައި އިނދެފައި ރާކިޒު އިޝާރާތުން މަޑުކޮށްލުމަށް ދައްކާލިއެވެ. ޒީވާ އައިސް މޭޒު ކައިރީ ހުއްޓިލާފައި އަތުގައި އޮތް ފައިލާއި ކަރުދާސްތައް ބަހައްޓާލިއެވެ. އަދި ސްޓިކާ ނޯޓްކޮޅެއް ފައިލުގައި ހަރުކޮށްލުމާއިއެކު އޭގައި ރާކިޒަށްވީ މެސެޖެއް ޒީވާ ލިޔެލިއެވެ. މަޑުމަޑުން އޭނާ އައީ އެ އެއްޗެހި ރާކިޒާ ހަވާލުކުރަން ކަމުގައި ބުނެފައި ރާކިޒުގެ ކެބިން އިން ނިކުންނަން ހިނގައިގަތެވެ.

“ހާދަ އަވަހަކަށް ތިއައީ” ޒީވާ ފެނުމުން ދީމް ބުނެލިއެވެ.

“ފޯނެއްގައި އިނީ، އެހެންވެ” ޒީވާ ބުނެލިއެވެ.

“ޒީގެ ފޯނު ވައިބްރޭޓްވިހެން އަހަންނަށް ހީވި” ދީމް މަސައްކަތަށް އެނބުރި ރުޖޫޢަވުމުގެ ކުރިން ބުނެލިއެވެ. އެއާއެކު ޒީވާ އަވަސްވެގަތީ އޭނާގެ ފޯނު ބެލުމަށެވެ.

“ޝަނޫ ދައްތަ، މިގަޑީގަ… ކިހިނެއްވީބާ” ފޯނުން ޝަނޫޒާ ގުޅާފައި އޮތްތަން ފެނި ޒީވާގެ ހިތަށް އެރިއެވެ. ދީމްއަށް ނުގުޅާ ޒީވާއަށް އެ ގުޅީ ކޮންމެވެސް ކަމެއް ވެގެންކަން ޒީވާގެ ހިތް ބުންޏެވެ. އެހެންވެ ލަސްނުކޮށް ޝަނޫޒާއަށް ގުޅިއެވެ.

“ޒީ… ކޮއްކޯ… އަވަހަށް ނޫސް ހުޅުވާލަބަލަ… މިއަދު މީ އުފާވެރި ދުވަހެއް، ފާޓީއެއް ވެސް ބާއްވަންޖެހޭވަރުގެ ދުވަހެއް” ޝަނޫޒާގެ އަޑުގައި ހުރި ފޯރިއާއެކު ޒީވާއަށް ލިބުނީ ހައިރާންކަމެވެ.

“ކިހިނެއްތަވީ؟ ކޮން ނޫހެއްތަ؟ ކީކޭތަ ޝަނޫ ދައްތަ ތިކިޔަނީ” ޒީވާ އޮޅުން ފިލުވަން ބޭނުންވިއެވެ.

“ވީ ނިއުސް ބަލާބަލަ، އޮތިއްޔާ އޮތް ނޫހެއް ބަލާ… ހުރިހާ ނޫހެއްގައި ވެސް މިހާރު އެއީ ބްރޭކިންގ ނިއުސްއަކަށް ވެއްޖެ، އޭރުން އެނގޭނެ މި ދައްކަނީ ކޮންވާހަކައެއްކަން” ޝަނޫޒާ މިހެން ބުނުމުން ޒީވާ ފޯނުކޯލު ކަނޑާލުމުގެ ބަދަލުގައި އަވަސްވެގަތީ ކޮމްޕިއުޓަރުން ނޫސް ކިޔާލުމަށެވެ. އެގޮތުން ވީ އޮންލައިން ހުޅުވާލިއެވެ. ފެންނަން އޮތް ޚަބަރުގެ ސުރުޚީ ކިޔާލުމާއިއެކު ޒީވާއަށް ހުއްޓުން އެރިއެވެ. ފޯނުގެ އަނެއްކޮޅުން ޝަނޫޒާ ވާހަކަދައްކާ އަޑު ވެސް ފަނޑުވެގެން ދިޔަކަހަލައެވެ.

“ޒީ… ޒީ… އެބަހުރިންތަ، ހެލޯ… ހެލޯ… ޒީ…” ޝަނޫޒާ އެތައް ފަހަރަކު ގޮވިފަހުން ޒީވާ މަޑުމަޑުން ހޫން ލައްވާލިއެވެ.

“ކިހާ ބޮޑު ނަސީބެއް، ނޫންތަ؟ މިހާރު ހުންނާނީ އަލާފިލާވަރު ވެފައި، އެހާވަރުން މިގުޅީ ވެސް އެ ޚަބަރު ފެނިގެން، މި އޮފީސްތެރޭގައި މިހާރު އެނޫން ވާހަކައެއް ނުދައްކާ، މިއަދު ހެނދުނު އޭނާ ގެންދިޔައީ…. އޭރު ވެސް އެނގުނު އެކަހަލަ ހުތުރުކަން ބޮޑުކަމެއް އޭނާ ނޫނަސް އެހެން މީހަކު ކުރިނަމަވެސް މީޑިއާގެ ސަމާލުކަމަށް އަންނާނެކަން، މަޑުކޮށްލައިގެން ހުރީ ވީ ގޮތް މީޑިއާ އާ ހަމައަށް އަންނަންދެން” ޝަނޫޒާ ހެވިފައި ވާހަކަދެއްކިއެވެ. އޭނާ ހުރީ ވަރަށް އުފަލުންކަން އެނގެއެވެ.

“ދޮންތަ ދޯ ގުޅީ، ކިހިނެއްވިއްޔޯ” ޒީވާ މަޑުމަޑުން ފޯނު ބޭއްވުމާއިއެކު އޭނާގެ ވާހަކަތަކަށް ސަމާލުކަން ދީގެން އިން ދީމް އަހާލިއެވެ.

“ވީއަށް ވަދެބަލަ، އެއްކަލަ އަދީލު ހައްޔަރުކުރި ވާހަކަ އެއްބައޮތް، އޮފީހުގައި ހުރި އޭނާގެ ކޮމްޕިއުޓަރާއި އޭނާގެ ލެޕްޓޮޕުން ބަރަހަނާ ވީޑިއޯތަކަކާއި ފޮޓޯތަކެއް ހުރެގެން، އޭނާ ސިއްރުން އަންހެން ކުދިންނާއިއެކު ވީޑިއޯ ހަދާކަން ފުލުހުންނަށް އެނގުނުތާ ދުވަސްކޮޅެއް ވެއްޖެއްޔޯ، ކިހާ ހުތުރުކަމެއް އޭނާ އެ ކުރީ، އަދި ރެޑްހޭންޑުކޮށް ހިފީ އޮފީހުގެ ތިރީބައިގައި ތަޅުލާފައި ހުންނަ ކޮޓަރިއެއްގެ ތެރޭގައި އަންހެންކުއްޖަކު ގޮވައިގެން އުޅެނިކޮށޯ، އޭރު އެތަނުގައި ބައިވަރު ސްޕައި ކެމެރާތައް ހަރުކޮށްފައި ހުރިކަމަށް ވެސް އެބައޮތް ބުނެފައި…. އޭނާއަށް އެ ލަނޑު އެ ލިބުނީ އަމިއްލަ އުޅުން ހައްދުފަހަނައަޅައި ދިއުމުން” ޒީވާ ދެފަރާތަށް ބޯހޫރާލިއެވެ. ދީމް ޚަބަރު ކިޔާފައި ފެށީ ހޭށެވެ. އޭނާ ވެސް ޤަބޫލުކުރާ ގޮތުގައި އަދީލަށް އެވީ އޭނާއަށް ވާންވީގޮތެވެ. ޒީވާގެ ޚިޔާލަށް އައީ މުޅިން އެހެން ކަމެކެވެ. އޭނާ މާޒީގެ މަތިން ހަނދާންނައްތާލަން ބޭނުންނަމަވެސް އެކަމެއް އޭނާއަކަށް ނުވިއެވެ. މަޑުމަޑުން އިސްޖަހާލައިގެން އިނދެ ފޯނަށް ގުޅާފައި ހުރި މީހުންގެ ލިސްޓަށް ބަލަހައްޓައިގެން އިނެވެ. އެ ލިސްޓުގައި ޝީރީނާއި ލަމްޔާގެ ނަންބަރު ހިމެނިފައިވެއެވެ. ކޮންމެ ދުވަހަކު ޝީރީން ގުޅައެވެ. ނަމަވެސް ޒީވާ ފޯނު ނުނަގަނީއެވެ. އޭނާ އިންތިޒާރު އެ ކުރަނީ ލަބީބު ގުޅާނެ ދުވަހަކަށެވެ. އޭނާ އެނބުރި ޢާއިލާއަށް ގެންދަން ބޭނުންވާނަމަ އެކަން ކުރަން ޖެހޭނީ ލަބީބަށެވެ. އެއީ ޒީވާ ޤަބޫލުކުރާގޮތެވެ. ޚިޔާލުތަކުގެ ތެރެއަށް ގެއްލިފައި އިންދާ މޭޒުމަތީ ހުރި ފޯނު ރަނގަބީލިއަޅަންފެށި އަޑުން އޭނާ ސިއްސުވާލިއެވެ. އަވަހަށް ފޯނުގެ އަތްގަނޑު ނަގާ ކަންފަތުގައި ޖައްސާލަމުން ސަލާމްގޮވާލިއެވެ.

“މީ ރާކިޒު، މިކޮޅަށް އައިސްދީފާނަންތަ” ފޯނުގެ އަނެއްކޮޅުން ވާހަކަދެއްކި ރާކިޒު، ޒީވާއަށް ބުނެލިއެވެ. އެއާއެކު ފޯނުގެ އަތްގަނޑު ބާއްވާލާފައި ޒީވާ ހިނގައިގަތީ ރާކިޒުގެ ކެބިންނަށް ވަންނާށެވެ.

“ޔެސް…” ރާކިޒުގެ ކެބިންނަށް ވަން ޒީވާ ބުނެލިއެވެ.

“މަސައްކަތް ފަށަންވެފައި މިއޮތީ، މިއޮތީ މޮޑެލް ފޮޓޯ، މީ ނަތާޝާ، އޭނާއަށް ގުޅައި ހުރިހާ ކަމެއް ފައިނަލް ކޮށްލާ، މަސައްކަތް ކުރިއަށް ދާނޭގޮތުގެ ޓޭބަލް ވެސް ތައްޔާރުކޮށްލަ ދެއްޗޭ، އޭރުން ޓައިމް މެނޭޖުވާނީ، އަނެއްކާ ބަޖެޓަށް ވެސް ވިސްނަން ޖެހޭނެ އެއްނު ދޯ، ޝަހައިލު އަހަންނަށް ގުޅި، އޭނާ ވެސް ހިތްހަމަޖެހޭ ޒީގެ މަސައްކަތާއިމެދު…” ރާކިޒު ބުންޏެވެ.

“ތޭންކްސް” ޒީވާގެ އަތަށް ރާކިޒު ދިއްކޮށްލި ފައިލާއި ފޮޓޯގަނޑުގައި ހިފަމުން ބުނެލިއެވެ.

“ކާން ގޮސްފިންތަ؟” ރާކިޒު މަސައްކަތުގެ ވާހަކަ މެދުކަނޑާލާފައި އަހާލިއެވެ. ޒީވާ ނޫނެކޭ ބުނުމުގެ ގޮތުން މަޑުމަޑުން ދެފަރާތަށް ބޯހޫރާލިއެވެ.

“އަހަރެން ވަރަށް ބަނޑުހައި، ޒީ ވެސް ނުކައެއްނު ތިހިރީ، ހިނގާ ކާންދާން، ކައިގެން އައިސް ތި މަސައްކަތްތައް ކޮށްލަން ބަހައްޓާ” ރާކިޒު އޭނާގެ ހަށިގަނޑު ސީދާކޮށްލަމުން ބުންޏެވެ. އަދި ޒީވާއަށް އެއްޗެއް ނުބުނެވިގެން އުޅެނިކޮށް އޭނާ ގޮނޑިން ތެދުވިއެވެ. އެހެންވެ ޒީވާއަށް ވެސް ޖެހުނީ ތެދުވާށެވެ. ރާކިޒު އޭނާގެ ކެބިންގެ ދޮރު ހިފަހައްޓާލައިގެން ޒީވާ ނިކުންނަން ތަންދައްކައިގެން ހުއްޓެވެ. އަނގައިން ނުބުނެ ޒީވާ ނިކުމެގެން އޭނާގެ މޭޒު ދޮށަށް އައުމުން އޭނާގެ ފަހަތުން ރާކިޒު ވެސް އައެވެ. ދީމް އަށް ގޮވާލަފައި މަސައްކަތް ކިހިނެއްތޯ އަހާލިއެވެ. އަދި ޒީވާއަށް ބަލާލީ އޭނާ ހުރީ ޒީވާގެ އިންތިޒާރުގައޭ ބުނާ ފަދަ ގޮތަކަށެވެ. މޭޒުމަތީ އެއްޗެހިތައް ބެހެއްޓުމަށްފަހު ގޮނޑީގައި އަޅުވާފައި އޮތް އަތްދަބަސް ހިފައިގެން ޒީވާ، ރާކިޒާއެކު ހިނގައިގަތަވެ.

“މިއަދު އަދި އެބަޖެހޭ އަހަރެންގެ ރައްޓެއްސަކާ ބައްދަލުކޮށްލަން، އެހެންވީމަ ތަންކޮޅެއް ކުރިން އޮފީހުން ނިކުންނަން އެބަޖެހޭ، އޭނާ ބުނި ވަރަށް ރީތިކޮށް ފޮޓޯ ނަގާ ކުއްޖަކު ހުރި ވާހަކަ، ކްރިއޭޓިވް ފޮޓޯގްރަފާރއެއް އަހަރުމެންނަށް ބޭނުންވޭ، އަނެއްކާ ނަޖުމް ވެސް ބޭނުންވަނީ އެހެން ބަޔަކާ ގުޅެން” ރާކިޒު ކާރު ދުއްވަމުން ޒީވާއާ ވާހަކަދެއްކިއެވެ.

“ނަޖުމް ބުނީތަ އެހެން” ޒީވާ އަހާލިއެވެ.

“ނުއެއްބުނޭ، އެކަމަކު އަހަންނަށް ރައްޓެއްސެއްގެ ފަރާތުން އެކަން އެނގިފައި އޮތީ، ނަޖުމް ބުނީ އޭނާ މި ވަޒީފާއާ ދުރަށް ދާން ބޭނުންވާކަމަށް، އޭނާ ސަބަބެއްކަމަށް ދެއްކީ ރާއްޖޭން ބޭރަށް ދާން ބޭނުންވާތީ ކަމަށް، އަހަރެން ހިތަށް މިއަރަނީ މިފަހަރު އާކުއްޖާ ލައްވާ މަސައްކަތްކޮށްލީމަ ވާގޮތެއް ވެސް އެނގިދާނެތާއޭ…. ހަމަގައިމުވެސް އަހަރެން ސިމާކަށް އިތުބާރުކުރަން، އޭނާއަށް ވަރަށް ޔަޤީންކަން އޮތީމަ އަހަރެންގެ ގާތަށް ކުއްޖަކު އެ ފޮނުވަނީ” ރާކިޒުގެ ވާހަކަތައް އާދައިގެ މަތިން ހުރީ އޮފީހުގެ މަސައްކަތްތަކާއި ގުޅުވާލާފައެވެ. އެހެންކަހަލަ ވާހަކައެއް އޭނާއަށް ދައްކައިގެން ނަތީޖާ ރަނގަޅުނުވެދާނޭތީއެވެ.

“ސިމާކް… އެއީ ކާކު، ކުރިން އަޑު ނާހާ ނަމެއް” ޒީވާ ވިސްނާލާފައި ބުނެލިއެވެ.

“ބޭރުން ކިޔަވައިގެން މިހާރު އައިސް މިކޮޅުގައި ވޯކް ކުރަނީ، އެއީ ޑޮކްޓަރެއް… ސުކޫލުއިރުގެ ރަޙުމަތްތެރިއެއް، ދުވަސްކޮޅަކު ދެމީހުން އެކީގައި މެލޭގައި ވެސް ތިބިން، ޓްރަސްޓު ކުރެވޭ ފްރެންޑެއް އެއީ، ކުއްލިއަކަށް ގުޅާފައި ބުނީ ކުއްޖަކަށް ވަޒީފާއެއް ދޭންވެއްޖެއޭ، ދާއިރާއަކީ މަލްޑިމީޑިއާ ނަމަވެސް ޚާއްޞަވާން ބޭނުންވަނީ ގްރެފިކްސް މަސައްކަތަށް… އަހަންނަށް ހުރި ބައެއް ފޮޓޯތައް މެއިލް ވެސް ކޮށްފައި، ވަރަށް ކަމުދޭ، ވަރަށް ރީތި ފޮނުވާފައި ހުރި ހުރިހާ ފޮޓޮއެއްވެސް، އެހެންވެ ނިންމީ އޭނާ ގެންނަން، ނަތާ އެއީ މިހާރު އަހަރުމެންގެ ނަންބަރ ވަން މޮޑެލް، އެހެންވީމަ މި ޕްރޮޖެކްޓުން އިރާދަކުރެއްވިއްޔާ ހީވޭ ވަރަށް ބޮޑު ފައިދާއެއް ވާނެހެން، ވަރަށް ބޮޑަށް އުންމީދުކުރެވޭ ޕަރފެކްޓު ވާނެކަމަށް” ރާކިޒު ބުންޏެވެ. އޭނާގެ މޫނަށް ޒީވާ ބަލަން އިންއިރު ރާކިޒު ކާމިޔާބީއަށް ކުރާ ފޮނި އުންމީދު އޭނާގެ މޫނުމަތިން ފާޅުވަމުންދިޔައެވެ. އެކަން އޭނާއަށް ހާސިލުވިޔަ ދިނުމަށް ޒީވާއަށް ކުރެވެން އޮތް ހުރިހާކަމެއް ކުރަން އޭނާ ބޭނުންވިއެވެ. ރާކިޒުގެ މޫނުމަތިން ހިތްހަމަޖެހިފައި ހުންނަތަން ފެނުމުން ޒީވާއަށް ވެސް ބުނެދޭން ނޭނގޭ ހިތްހަމަޖެހުމެއް ލިބެއެވެ.

ރާކިޒާއި ޒީވާއާ ދެމީހުން ކައިގެން ރެސްޓޯރެންޓުން ނިކުމެގެން އެނބުރި އައީ އޮފީހަށެވެ. އެއާއެކު ދެމީހުން ވެސް ވަކިވީއެވެ. އެހެންނަމަވެސް ރާކިޒު އެދުނީ މިފަހަރު ޕްރޮޖެކްޓުގެ މަސައްކަތް ކުރިއަށް ދާއިރު އެކަމުގައި ޒީވާ ބައިވެރިވުމަށެވެ. ރާކިޒުއަށް ކަންކަމުގައި ފަސޭހަކޮށްދިނުމުގައި އެންމެ ގާތުގައި ހުރުމަށެވެ. ނަމަވެސް އެކަމަށް ޒީވާއަށް އެއްބަސްވާން ދަތިވީ އެ މަސައްކަތުގައި މާލޭން ބޭރަށް ފުރަން ޖެހޭތީއެވެ. ރާކިޒާއިއެކު އެކަހެރި މާޙައުލަކަށް ދާން ޒީވާ ބޭނުންނުވަނީއެވެ. ވަގުތުން ރާކިޒު ހުށަހެޅި ފުރުޞަތަށް ދެކޮޅު ހެދުމުގެ ބަދަލުގައި ޒީވާ ބުނީ އޭނާ އެކަމާ ވިސްނާލާފައި ޖަވާބެއް ދޭނެކަމުގައެވެ. އޭރުވެސް އޭނާގެ ހިތުގައި ގޮތް ނިންމާފައިވާއިރު ވެސް މެއެވެ.

“އޭތް! ރާކިޒު، ޒީއާ މެދު ތަފާތު ގޮތެއް ބަހައްޓާހެން ޒީއަށް ހިޔެއްނުވޭތަ؟” އޮފީސް ނިންމާފައި ގެއަށް ދިޔަ މަގުމަތީ ދީމް އެހިއެވެ.

“ހޫމް! ފާހަގައެއް ނުކުރެވޭ” ވިސްނާލުމެއްނެތި ޒީވާ ޖަވާބުދިނެވެ. ބޭނުންވަނީ އެއްވެސް ކަމެއް ނޭނގޭ މީހަކަށް ވާން ކަހަލައެވެ.

“ނުވާނެ އެހެނެއް، ޒީއަށް އެނގޭނެ، ތީ އެހާ ސްޓުޕިޑް ކުއްޖެއްނޫން، ރާކިޒު، ޒީ ދެކެ ލައިކްވާކަން މިހާރު އެންމެނަށް ވެސް އެނގޭ، އެހެންނޫންނަމަ އަހަރުމެން ގޮވައިގެން ވެސް ކޮފީ ބޯންށާ ކާންތަނަށް ދާންވީނު، އެކަމަކު ނުދެ އެއްނު” ދީމް ވާހަކަދެއްކީ ޒީވާގެ މޫނު މައްޗަށް އެއްވެސް ބަދަލެއް އާދޭތޯ ބަލަމުންނެވެ.

“އޭނަ އެކަހަލަ ގޮތަކަށް ނުދެކެއޭ… ވީ އަރ ޖަސްޓް ފްރެންޑްސް، އަހަރެން ރާކިޒު ދެކެނީ އަހަރެންގެ ބޮސްގެ ގޮތުގައި، ދެން ރަޙުމަތްތެރިއެއްގެ ގޮތުގައި، އެއަށްވުރެ ގާތް ގުޅުމެއް ބާއްވާކަށް ބޭނުމެއްނޫން” ފިޔަވަޅު ގުނަމުން ދާ ކަހަލަ ގޮތަކަށް އިސްޖަހާލައިގެން ހިނގަމުން ދިޔަ ޒީވާ ބުނެލިއެވެ.

“މަޑުކޮށްބަލަ…. އަނެއްކާ ރާކިޒު އެހިތަ ޒީ ގާތުން އެކަހަލަ ވާހަކައެއް، މިބުނީ… ރައްޓެހިވާން…” ދީމްއަށް އެއްކޮށް ނުބުނެވިގެން އުޅެނިކޮށް ޒީވާ އޭނާއަށް ބަލާލީ ތަފާތު ނަޒަރަކުންނެވެ.

“ދީމް، ރާކިޒޭ ކިޔައިގެން ތިކަހަލަ ވާހަކަ އަހަރެން ގާތުގައި ނުދައްކާ، އޭނާ އެކަހަލަ އެއްވެސް ކަމެއް ނުކުރޭ…. އަހަރުމެން ދެމީހުންގެ މެދުގައި ދީމް ތި ހީކުރާ ކަހަލަ ގުޅުމެއް އުފެއްދިއްޖެނަމަ އެ ވާހަކަ އެންމެ ފުރަތަމަ ބުނާނެ މީހަކީ ތީ… އެހެންވީމަ ދެން މި މައުޟޫޢު ދޫކޮށްލަމާ”  ޒީވާ ހިތްހަމަނުޖެހުނަސް އެކަން ނުދައްކާ ވޭތޯ ވަރަށް މަސައްކަތްކުރިއެވެ. އޭނާގެ ވަށައިގެން ހެޔޮ އެދޭ އެންމެންހެން ދައްކަނީ ރާކިޒުގެ ރަނގަޅު ވާހަކައެކެވެ. އޭނާ ޒީވާއާ ގުޅެން ބޭނުންވެފައި ހުންނަން ހީވާ ވާހަކައެވެ. އެހެންވީމަ އޭނާ ދޭ ފުރުޞަތުތަކަށް މޮޔައަކު ފަދައިން ފުރަގަސްނުދިނުމަށެވެ. ދެކަންފަތުގައި އަތްއަޅައިގެން އުޅޭހާ އެއަޑުތައް މިހާރުވަނީ ގަދަވެފައެވެ. އަދިވެސް ޒީވާ ކެތްކުރަމުން އެ ދަނީ އިވޭ އަޑުތައް ނީވޭ ކަމަށް ހަދައިގެން ހުރެ އަދި ފެންނަ މަންޒަރުތައް ނުފެންނަ ކަމަށް ހަދައިގެން ހުރެއެވެ. ހިތުގައި ބިންވަޅު ނެނގުނު ލޯބި ވަޅުޖެހިފައި ވިޔަސް އޭނާގެ ހަނދާނުން އެ ލޯތްބެއް ނުފިލިއެވެ.

* * * *

މަސައްކަތުގައި ބުރަކޮށް އުޅުނު ޒީވާގެ މޭޒު މަތީ ހުރި ފޯނު ރަނގަބީލު އަޅަން ފެށުމުން ކޮމްޕިއުޓަރ އިސްކުރީނާ ނަޒަރު ވަކިކޮށްލުމެއްނެތި ފޯނުގެ އަތްގަނޑު ނަގައި ކަންފަތުގައި ޖަހާލިއެވެ. އޭނާގެ ހަރަކާތްތަކަށް ހުއްޓުމެއް އައީ ފޯނުގެ އަނެއްކޮޅުން ވާހަކަދެއްކި ރާކިޒުގެ އަޑުންނެވެ. ޕްރޮޖެކްޓުގެ މަސައްކަތް ފެށުމަށް ހަވީރު ފުރަން ވެފައި އޮތް އިރު އަދިވެސް ޒީވާ، ރާކިޒަށް ވަކި ޖަވާބެއް ނުދެއެވެ. އޭނާ ގުޅީ އެހެންވެއެވެ. ޒީވާ ވަރަށް ވިސްނާލާ ކަމަށް ހަދާފައި އޭނާއަށް ދެވެން ނެތްކަން ހާމަކުރިއެވެ. ރާކިޒު މާޔޫސްވިއެއްކަމަކު ޒީވާއަށް މަޖުބޫރުކުރާކަށް އޭނާއަކަށް ނުކެރުނެވެ. އިތުރަށް އޭނާ ގެންދިއުމަށްޓަކައި ދައްކާނެ ބަހަނާއެއް ވެސް ރާކިޒަކަށް ނުވިސްނުނެވެ. ޒީވާ ފޯނު ބޭއްވުމާއިއެކު އަނެއްކާ ވެސް މަސައްކަތަށް ސަމާލުވެލިއެވެ. ރާކިޒު ފޯނުގެ އަތްގަނޑަށް ބަލަހައްޓައިގެން އިނދެފައި މުއްކަވާލި އަތުން މޭޒުގައި ޖަހާލިއެވެ. އަދި އަނގައިން އަޑެއް ލައްވާލުމާއިއެކު ބޮޑު ގޮނޑީގެ ތެރެއަށް ހަށިގަނޑު ދޫކޮށްލިއެވެ.

ރާކިޒު ފުރައިގެން ދިޔަތާ ހަތަރު ވަރަކަށް ދުވަސް ފަހުން އެނބުރި އައެވެ. މަސައްކަތް ދިޔަ ގޮތާއިމެދު ވަރަށް ހިތްހަމަޖެހިފައި ހުރެއެވެ. މެގަޒިންތަކުންނާއި އެކިއެކި ޗެނެލްތަކުގައި އިސްތިހާރު ދައްކަން ފެށުމުން ގިނަ ބައެއްގެ ސަމާލުކަމަށް ރާކިޒު އައެވެ. އަދި ފޯނު ކޯލު ތަކުން ތަޢުރީފުގެ ބަސްތައް އޮހެން ފެށިއެވެ. ކުރީގެ މަސައްކަތްތަކަށް ވުރެ މިފަހަރުގެ މަސައްކަތްތައް އުފެއްދުންތެރިކަމަށް ފާހަގަކުރާކަމަށެވެ. އެ ފަދަ ތަޢުރީފުތަކުން ރާކިޒުގެ ކުންފުންޏަށް އިތުރު ބްރޭންޑުތައް ޕްރޮމޯޓު ކުރުމަށް ގިނަބަޔަކު ހުށަހެޅިއެވެ. ގިނަބައެއްގެ އިތުބާރު އޭނާއަށް ލިބުނީއެވެ. އެގޮތުން ގިނަދުވަސްތަކެއް ނުވެ އަނެއްކާ ވެސް ދެތިން ޕްރޮޖެކްޓެއްގެ މަސައްކަތް ކުރިއަށް ރޭވިގެން އައެވެ. ޒީވާގެ ބުރަ މަސައްކަތުން އެ ޕްރޮޖެކްޓުތައް ފެށޭވަރު ކުރިއެވެ. ލަސްތަކެއް ނުކޮށް ރާކިޒު އަނެއްކާ ވެސް ފުރަން ތައްޔާރުވިއެވެ.

ހޯމަ ދުވަހުގެ ހަވީރު ލޯންޗު ތައްޔާރުކޮށްގެން ހުންނަތާ ގަޑިއެއްގެ އިރު ވީއިރު ވެސް ނަތާޝާގެ ޚަބަރެއް ރާކިޒަށް ނުވިއެވެ. ނަތާޝާއަށް ގުޅާގުޅާ އޭނާ ފޯނެއް ނުނެގިއެވެ. އޭރު ޕްރޮޖެކްޓުގައި ބައިވެރިވާ ކްރޫ ތޮށިމައްޗަށް އެއްވެ ލަސްވާތީ ރާކިޒާއި ސުވާލު ކުރަން ފަށައިފިއެވެ. ހާސްވެފައި ހުރެ ރާކިޒު އަވަސްވެގަތީ ޒީވާއަށް ގުޅާށެވެ. ޒީވާގެ އަޑު ޖެހުމާއިއެކު ވެސް ރާކިޒަށް ހަމަޖެހުމުގެ ނޭވާއެއް ލެވުނެވެ.

“ޒީ އޮފީހުގަ ދޯ، މިއުޅެނީ ނަތާ ފޯނު ނުނަގައިގެން، އަދިވެސް މިތިބީ ނުފުރިފައި، އޭނާއަށް ގުޅޭތޯ ބަލައިދީބަލަ، ހީވަނީ ފައިލް ތެރޭ އިތުރު ކޮންޓެކްސްތަ ހުންނާނެހެން، ވަރަށް އަވަސްކޮށްލަ ދެއްޖެއްޗޭ” ރާކިޒު މިހެން ބުނެ ފޯނު ބޭއްވިއެވެ. އަދި އެންމެނަށް ލޯންޗަށް އަރަން އިޝާރާތްކޮށްލިއެވެ. ލޯންޗުގައި މަޑުކޮށްލައިގެން ތިބޭތާ ފަނަވަރަކަށް މިނެޓު ފަހުން ޒީވާ ގުޅިއެވެ.

“ރާކިޒު، އައި އެމް ސޯ ސޮރީ، ނަތާ… ނަތާ އޮތީ އައި.ޖީ.އެމް.އެޗްގަ، އެކްސިޑެންޓެއް ވެގެން….” ޒީވާ ކަންބޮޑުވެފައި ބުންޏެވެ.

“ކޮންއިރަކު؟ ކާކު ބުނީ؟” ރާކިޒު ކުރިއަށްވުރެ ބޮޑަށް ހާސްވިއެވެ.

“ނަތާގެ މަންމަ ބުނީ، ފޯމުގައި ނަތާޔާ ގުޅޭނެ އިތުރު މީހެއްގެ ނަންބަރުގެ ގޮތުގައި ޖަހާފައި އޮތީ ނަތާގެ މަންމަގެ ނަންބަރު، ވަރަށް ގުޅިފަހުން ނަގާފައި ބުނީ ހޮސްޕިޓަލުގަޔޯ، ނަތާއަށް ފަރުވާ ދެމުން ދާކަމަށް، އަދިވެސް ހޭ ނާރާ، އޭނާ ތިކޮޅަށް ދާންވެގެން ދަނިކޮށް އެކްސިޑެންޓު ހިނގީ” ޒީވާ އިތުރަށް ތަފްޟީލުކޮށްދިނެވެ.

ވަގުތުން ރާކިޒު ފުރުން ކެންސަލް ކުރިއެވެ. އަދި އޭނާ ހޮސްޕިޓަލަށް ދިއުމަށް އަވަސްވެގަތެވެ. މާހިދާއި ދީމްގެ އިތުރުން ޒީވާ ވެސް ހޮސްޕިޓަލަށް އައިސް ވަނެވެ. އެމީހުންނަށް އާދެވުނު އިރު ރާކިޒު، ނަތާޝާގެ ޢާއިލާގެ މެންބަރުންނާ ވާހަކަދައްކަނީއެވެ. ޒީވާ ފެނުމާއިއެކު ރާކިޒަށް ބޭއިޚްތިޔާރުގައި އޭނާގެ ގާތަށް އާދެވުނެވެ.

“ޝީޒް އޯކޭ…އެކަމަކު…” ރާކިޒު އައިސް ޒީވާގެ ކުރިމަތީ ހުއްޓިލަމުން ބުނެލިއެވެ.

“ކިހިނެއްވީ؟” ޒީވާ އަހާލިއެވެ.

“ނަތާގެ ވާތުފައި ބިންދައިގެން ގޮސް އަތުގެ ކަށިގަޑުގައި ރެނދުލާފައި ހުރީ، ރަނގަޅުވާން ދުވަސް ނަގާނެ ކަމަށް ޑޮކްޓަރުން ބުނަނީ، ޢާއިލާ އިން ބޭނުންވަނީ މިކޮޅުން ދުކޮށްލިހާ އަވަހަކަށް ރާއްޖޭން ބޭރަށް ފުރަން” ނަތާޝާގެ ފުރާނަ ސަލާމަތްވީތީ އެކަމާ އެންމެން ވެސް ޝުކުރުކުރެއެވެ. އެހެންނަމަވެސް ރާކިޒަށް ވާނޭ ގެއްލުމުގެ މަތިން އޭނާއަށް ނުވިސްނައެއް ނުހުރެވުނެވެ. އެ ވާހަކަ ދައްކަނީ ވަކި ކާކު ގާތުކަމެއް އޭނާއަކަށް ނުވިސްނުނެވެ. ފިކުރު ކުރަމުން ކަހަލަ ގޮތަކަށް އައިސް އެއްފަރާތުގައި ހުރި ބެންޗުގައި އިށީނެވެ. އޭނާ އާއިއެކު ޒީވާމެން ވެސް އައިސް އެތަނުގައި އިށީނެވެ.

“އިރާދަކުރެއްވިއްޔާ ހުރިހާ ކަމެއް ވެސް ރަނގަޅުވާނެ” ޒީވާ މިހެން ބުނެލުމާއިއެކު ރާކިޒު ލުއި ހިނިތުންވުމެއް ބަދަލުކޮށްލިއެވެ. އޭނާ ކަންބޮޑުވާ ކަންކަން ޒީވާއަށް އެނގެނީކަމުގައި ރާކިޒަށް ހީކުރެވުނެވެ.

ނަތާޝާގެ ޢާއިލާ އާއިއެކު ވަގުތުކޮޅެއް ހޭދަކޮށްލުމަށްފަހު ރާކިޒާއި ޒީވާމެން ވެސް ހޮސްޕިޓަލުން ނިކުމެގެން ގެއަށް ދިއުމަށް ހިނގައިގަތެވެ. އެވަގުތު ރާކިޒު އޭނާގެ ކާރުގައި ދީމް އާއި ޒީވާ ގެއަށް ގެންގޮސްދީފާނަން ކަމުގައި ބުންޏެވެ. ދީމް ބަހަނާއެއް ދައްކާފައި ރާކިޒުގެ ކާރަށް ނާރާ މާހިދުގެ ސައިކަލު ފަހަތުގައި ދުއްވާލިއެވެ. އެއާއެކު ޒީވާއަށް މަޖުބޫރުވީ ރާކިޒާއިއެކު ކާރުގައި ގެއަށް ދިއުމަށެވެ. ކާރު ދުއްވަމުން ދިޔަ ރާކިޒު އެއްވެސް އެއްޗެއް ނުބުނެ އިންނަން ފެށުމުން ޒީވާއަށް ހީވީ އޭނާ މާބޮޑަށް ނަތާޝާއާ މެދު ވިސްނަނީ ކަމުގައެވެ.

“ނަތާ ރަނގަޅުވާނެއޭ ޑޮކްޓަރުން ބުންޏެއްނު، ރާކިޒު ހާދަ ވަރަކަށޭ ތިކަންބޮޑުވަނީ… ނަތާގެ ފެމެލީ މީހުން ވެސް ކިހާ ރަނގަޅު، އެމީހުން މިހާރު އެ ވިސްނަނީ އަވަހަށް ނަތާއަށް ރަނގަޅު ފަރުވާ ދެވޭނެ ގޮތަކާއިމެދު، އެހެންވީމަ ރާކިޒު ހާސްނުވެބަލަ” މަޑުމައިތިރި ކަމާއިއެކު ޒީވާ ވާހަކަދެއްކިއެވެ.

“އަހަންނަށް އެނގޭ ނަތާ ރަނގަޅު ކުރެވޭނެކަން، އަހަރެން ހާސްވަނީ ޕްރޮޖެކްޓު ފަސްކުރަން ޖެހޭތީ، އިންވެސްޓަރުން ހިތްހަމަނުޖެހޭނެތީ، ކޮމްޕެނީގެ ގުޑް ނޭމް ގެއްލި ދާނެތީވެ…. އަހަރުމެންގެ މާގިނަ މޮޑެލްތަކެއް ނެތް، ތިބި ދެކުދިން ވެސް އަހަރެން މިހާރު އެމީހުން ދޫކޮށްލަން ޚިޔާލުކޮށްގެން މިހިރީ، ދެން ޖެހޭނީ އޭޖެންޓަކާއި ގުޅެން، މޮޑެލް އެމީހުން ޕްރޮވައިޑްކޮށްދޭނެ، އެކަމަކު އަހަރެން ހިތްހަމައެއް ނުޖެހޭނެ…. ނަތާ ރަނގަޅުވަންދެން މަސައްކަތްތައް ހުއްޓުމަކަށް ގެނެސްފައި ނުބެހެއްޓޭނެ އެއްނު” މިފަހަރު ރާކިޒު ވާހަކަ ދެއްކީ ޒީވާއަށް ބަލާ ވެސް ނުލައެވެ. އޭނާ ކަންބޮޑުވާވަރު ޒީވާއަށް އެކަމުން ވެސް އެނގިގެން ދިޔައެވެ.

“ނަތާ ވެސް ވަރަށް ދެރަވާނެ މިހެންވީމަ، މިއީ އެއްވެސް މީހެއްގެ އިހުމާލުން ވީކަމެއްނޫން، އެހެންނޫނަސް އަހަނަށް އެނގޭ ރާކިޒު ރަނގަޅު ގޮތެއް ހޯދާނެކަން، މިވަގުތު އަދި ތިއުޅެނީ ރަނގަޅަށް ނުވިސްނިގެން، ގެއަށް ގޮސް ތާޒާވެލައިގެން ހުރިހާ ކަމަކާ ވިސްނާލީމަ މޮޅު ޚިޔާލެއް ތި ސިކުނޑިއަށް އަތުވެދާނެ” ޒީވާ ބޭނުންވީ ރާކިޒުގެ ހިތްހަމަޖައްސާލަދީ އޭނާއަށް ހިތްވަރު ދޭށެވެ.

“ތޭންކްސް…” ހިނިތުންވެލަން މަސައްކަތް ކުރި ރާކިޒު ބުނެލިއެވެ.

ޒީވާގެ ވާހަކަތަކުން ރާކިޒަށް އެއްވެސް ރާހަތެއް ކުރިކަމެއް އޭނާއަކަށް ޔަޤީނެއްނޫނެވެ. އެހެންވިޔަސް ރާކިޒު ހިނިތުންވެލީތީ ޒީވާ އެވަރުން އިތުރު އެއްޗެއް ބުނަން ބޭނުންނުވީއެވެ. ރާކިޒުގެ ކާރު ދީމް މެންގޭ ދޮރުމަތީ މަޑުކޮށްލުމާއިއެކު ޒީވާ ކާރުން ފޭބިއެވެ. އަދި ރާކިޒަށް ޝުކުރު އަދާކުރުމަށްފަހު ދޮރޯށި ހުޅުވާލަފައި އޭނާ އެތެރެއަށް ވަނެވެ. ރާކިޒު ކާރު އަނބުރާލަމުން އޭނާގެ ގޭގެ ގަރާޖަށް ކާރު ވެއްދުމަށް އުޅުނެވެ.

“ޒީ… މިއަދު އެކަނި އައި ދުވަހަކީތަ؟” ސިޓިން ރޫމުގައި އިން މޫނިސާ ކުރި ސުވާލުން ޒީވާ ހައިރާންވިއެވެ. އެހެންވިޔަސް ޖަވާބެއް ދިނުމުގެ ކުރިން އޭނާ ވިސްނާލިއެވެ. ދީމް އަދިވެސް ނާންނަނީ ބާއެވެ. ނޫނީ މޫނިސާ އެ އެހީ ދީމް އާއި ޒީވާ ވަކިން އައި ވާހަކަ ބާއެވެ.

“ދީމް ނުގުޅާތަ؟” ހުރިހާ ކޮޅަކަށް ވިސްނުން ހިންގާލުމަށްފަހު ޒީވާ އަހާލިއެވެ.

“ނުގުޅާ! އަދިވެސް ގެއަކަށް ނާދޭ، މިއަދު ދީމްއަށް މާ ބުރަ ދުވަހަކީތަ؟” މޫނިސާ އަހާލިއެވެ.

“މިއަދު ވަރަށް ދެރަކޮށް ދީމަވީ، ތަންކޮޅެއް ކުރިން އޮފީހުން ނިކުތިން، ހޮސްޕިޓަލުގައި އުޅެފައި މިއައީ…. ދީމްވީ އޮފީސް ކުއްޖަކާއިއެކު ގޮސް، މިހާރު އަންނަން އުޅޭނެ” ޒިވާ ދުރުދުރުން ވާހަކަފެށިއެވެ. ނަސީބަކުން މޫނިސާ އިތުރަށް ދީމްގެ ވާހަކައެއް ނޭހިއެވެ. އެހެންނަމަވެސް ޒީވާ އައީ އެކަނިކަމަށް ހީކޮށް ކަންބޮޑުވުން ފާޅުކުރިއެވެ. ޒީވާ އައީ ރާކިޒާއިއެކު ކާރުގައި ކަން އެނގުމުން ވަގުތުން މޫނިސާގެ މޫނުމަތިން ތަފާތު ހިނިތުންވުމެއް ފެނިގެންދިޔައެވެ. އަދި ހޮސްޕިޓަލަށް ދިޔައީ ކީއްކުރަންތޯ އާއި އިތުރު ވާހަކަތައް ޒީވާގެ ގާތުން އޮޅުން ފިލުވަން ފެށިއެވެ. އެގޮތަށް ވާހަކައިގައި ދެމީހުން ތިއްބާ ދީމް އައިސް ގެއަށް ވަނެވެ. މޫނިސާއަށް ގޮވާލުމާއިއެކު ދީމް އަވަސް އަވަހަށް އޭނާގެ ކޮޓަރިއަށް ވަންނަން ދިޔައެވެ. ޒީވާ ވެސް ވަރަށް ވަރުބަލިވެއްޖެ ކަމުގައި ބުނެ ތެދުވެގެން ކޮޓަރިއާ ދިމާލަށް ހިނގައިގަތެވެ.

ރޭގަނޑުގެ ކެއުން ނިންމާލާފައި ޒީވާ އައިސް ދީމްގެ ކޮޓަރިއަށް ވަނެވެ. އަދި މާހިދުގެ ވާހަކަފެށިއެވެ. މޫނިސާ އާއި ޝަނޫޒާ ގާތު މާހިދުގެ ވާހަކަ ބުނަން ޒީވާ އެދުނެވެ. ދީމް ވެސް ބޭނުންވަނީ އެގޮތެވެ. ފާޅުގައި މާހިދު އާއި ބައްދަލުކުރާށެވެ. ދެ ފަރާތުގެ ޢާއިލާއަށް ވެސް އެ ދެމެދުގައި އޮތް ގުޅުން އަންގާށެވެ. ޒީވާ ޚިޔާލު ދިނީ އިތުރަށް ފަސްނުކުރުމަށެވެ. މިހާރު މިވަގުތު ވެސް ގޮސް މޫނިސާ ގާތު އެ ވާހަކަދެއްކުން ހަމަ ރަނގަޅުވާނެ ކަމުގައެވެ. މޫނިސާއަކީ ދަރިންގެ އަޑުއަހާ މައެކެވެ. އެހެންވީމަ މޫނިސާގެ ޚިޔާލު ވެސް އޭނާ ފާޅުކުރާނެކަން ޔަޤީނެވެ.

“މަންމަ ނޫނެކޭ ނުބުނާނެކަން އަހަންނަށް އެނގޭ” ހެވިލާފައި ދީމް ބުނެލިއެވެ. ސަމާސާ ވާހަކަތަކުގައި ދެ އެކުވެރިން އެނދުމަތީ ހުރަހަށް އޮށޯވެލައިގެން ތިއްބެވެ. އޭރު ކޮޓަރިތެރޭގައި އެއްއަޑަކަށް ދީމްގެ ފޯނުން ޖަހާފައި ހުރި ހިންދީ ލަވައިގެ އަޑު ގުގުމާލަފައި ހުއްޓެވެ. ބަނޑުމަތީ ފޯނު ބާއްވާލައިގެން އޮތް ޒީވާ ހީވަނީ ކޮންމެވެސް ޚިޔާލަކަށް ގެއްލިފައި އޮތްހެނެވެ. ބަސްމަދުވެ ހުއްޓުން އަރާފައި އޮތްގޮތަށް އޮތީއެވެ. އޭނާ ސިއްސުވާލީ ފޯނުގެ ވައިބްރޭޝަނުންނެވެ.

“ރާކިޒު…” ފޯނަށް ބަލާލާފައި ފުންމައިގެން ތެދުވެވުނު ޒީވާއަށް ބުނެލެވުނެވެ. އެއަޑު ކައިރީގައި އޮށޯވެލައިގެން އޮތް ދީމްއަށް އިވުނެވެ.

“ބުނާނެ އެއީ ތިމަންނަގެ ބޮސްއޭ، ޖަސްޓް ފްރެންޑްސްއޭ…” ދީމް ވަގުތުން ޒީވާއާ ދިމާކޮށްލިއެވެ.

“ސާބަސް ދީމް، އަހަރެން މިދަނީ ކޮޓަރިއަށް” ރަކިގޮތަކަށް ހީނލި ޒީވާ، ދީމްއަށް ލޯއަޅާލަމުން ފޯނު ކަންފަތުގައި ޖަހާލައިގެން ހުރެ އެ ކޮޓަރިން ނިކުތެވެ. އަދި އޭނާ ނިދާ ކޮޓަރިއަށް އައިސް ވަނެވެ.

“ބިޒީ ގަޑިއެއްގަތަ މިގުޅުނީ” ރާކިޒު އަހާލިއެވެ.

“ނޫން، ކިހިނެއްވީ ރާކިޒު ތި ގުޅާލީ، ކަމަކުތަ؟” ރަޙުމަތްތެރި ރާގެއްގައި ޒީވާ ވާހަކަދެއްކިއެވެ.

“ޒީ… އަހަންނަށް ހުރިހާ ވަގުތަކު ވިސްނެނީ ކުރިއަށް މިއޮތް ދެ ފްރޮޖެކްޓާ މެދު، ބޯގޮވައިފި، އެކަމަކު ޚިޔާލެއް ވެސް އަތެއްވެއްޖެ” ރާކިޒު ބުންޏެވެ.

“ޕްރޮބްލަމް ސޯލްވް ވީ އެއްނު، އިތުރަށް ދެން ވިސްނާކަށް ނުޖެހޭނެއެއްނު” ޒީވާ ބުނެލިއެވެ. އޭނާއަށް ރާކިޒުގެ ހިތުގައި އޮތް އެއްޗެއް ނޭނގެއެވެ.

“ނޫން، ހައްލެއް ނުވޭ، އެކަމަކު ޒީ އަހަންނަށް ހައްލުކޮށްދީފިއްޔާ ހައްލުވެދާނެ” ރާކިޒުގެ ވާހަކަތަކުގައި ކަމެއް ފޮރުވަމުން ކަހަލަ ގޮތަކަށް ބުންޏެވެ.

“އިތުރު ގަޑީގައި މަސައްކަތް ކުރަމަކީ މައްސަލައެއްނޫން، އެންމެން ވެގެން މަސައްކަތް ކުރަނިކޮށް ތިކަން ނިންމާލެވިދާނެ، ބުނޭ…. ކީއްކޮށްދޭންވީ” ޒީވާ ވަރަށް ފަސޭހައިން ބުނެލިއެވެ.

“ގިނަބަޔަކުގެ އެހީއެއް ނޫން އަހަރެން ބޭނުންވަނީ، މިކަމުގައި ހަމައެކަނި އަހަރެން ބޭނުންވަނީ ޒީގެ އެހީ، ޒީ އަހަންނަށް މިކަން ކޮށްދޭންވީ” ރާކިޒު ދެން ވެސް ވާހަކަދެއްކީ ދުރުދުރުންނެވެ.

“ނުވިސްނުނު…. އަހަރެން އަބަދުވެސް ރާކިޒަށް ހެލްޕްވަމެއްނު، ރާކިޒު ބޭނުންވަނީ ކޮންކަމެއްކަން ސާފުކޮށް ބުނެބަލަ” މިހެންބުނިއިރު ޒީވާގެ އަޑު ވެސް ބަދަލުވެއްޖެއެވެ. އޭރު އޭނާ ވެސް ހުރީ ރާކިޒު ދައްކަން އުޅޭ ވާހަކައެއް ނޭނގޭތީ ކޮންމެވެސް ވަރަކަށް ޖެހިލުންވެފައެވެ.

“ފްރޮޖެކްޓްގެ… ޒީ…. ޕްރޮޖެކްޓެ ބްރޭންޑް މޮޑެލްއަށް ވެދޭންވީ، ކޮމްޕެނީގެ ބްރޭންޑް މޮޑެލްއަށް ވެދޭންވީ… ޕްލީޒް” ރާކިޒުގެ އަޑުން ވެސް އޭނާ ޖެހިލުންވެފައި ހުރިކަން އެނގެއެވެ. ޒީވާއަށް އެއްޗެއް ބުނާކަށް ނޭނގުނެވެ. ބަސްހުއްޓިފައި އިރުކޮޅަކު ހުރެވުނީއެވެ. ރާކިޒު ގޮވާލުމުން ޒީވާ ފޯނުގައި އެބަހުރިންކަން އަންގާލުމަށް “ހޫން” ލައްވާލިއެވެ.

“ޒީ… ޕްލީޒް، އަހަންނަށް އެނގޭ ޒީއަށް ވާނެކަން، އަހަރެން ޒީއަށް ޓްރަސްޓުކުރަން، އަހަންނަށް މި މަސައްކަތުގެ މުހިންމުކަން ވެސް އެނގޭނެ މީހަކީ ތީ… ސޯ ޕްލީޒް، އަހަންނަށް މިކަން ކޮށްދޭނަމޭ ބުނެބަލަ” ޒީވާ އެއްޗެއް ނުބުނުމުން ރާކިޒު ބުންޏެވެ.

“ކުއްލިއަކަށް ޖަވާބެއްދޭނީ ކިހިނެއް؟ ރާކިޒު، ހާދަ ބޮޑުކަމަކުއޭ ތިކިޔަނީ…. އަހަރެން އެއްވެސް އިރަކު ބޭނުންވި ގޮތެއް ނޫން އެއީ ގިނަބައެއްގެ ލޮލުގައި އަޅައިގަންނާކަށް، މަޝްހޫރުވާކަށް…. މޮޑެލްއަކަށް ވާކަށް، އަޅެ ތިނޫން ކަމަކު ބުނިނަމަ، އަހަންނަކަށް ނުކެރޭނެ ތިވަރުގެ ކަމެއް ކުރާކަށް” ޒީވާ ދެރަވެލައިފައި ބުންޏެވެ.

“ޒީ… އަހަރެން ހުރިހާ ގޮތަކުން ޒީއަށް އެހީވާނަން، އެހެންނޫނަސް ޒީގެ އަގުވެއްޓޭވަރުގެ ކަމެއް އަހަރެން ނުކުރާނެއެއްނު، އަހަރެން ވަރަށް ވިސްނާފައޭ މިވާހަކަ މިދައްކަނީ، ޒީއަށް އަހަރެންގެ ގޮތެއް އަދިވެސް ނޭނގޭތަ” މާޔޫސްވެފައި ހުރި ފަދަ ގޮތަކަށް ރާކިޒު އަހާލިއެވެ. ޒީވާ އެއްޗެއް ނުބުނެ ހިމޭނުން ހުރުމަށްފަހު ވާހަކަދައްކަން ފެށިއެވެ.

“ޕްލީޒް، އަހަރެން ވިސްނާލަން ޖެހޭނީ… އިހަށް ފޯނު ބާއްވަނީ” ޒީވާ ކޯލު ކަނޑާލުމާއިއެކު އެނދުގައި އިށީނދެލައިގެން އިންގޮތަށް އިނެވެ. އަދި ދެލޯ މަރާލުމާއިއެކު ފުންނޭވާއެއް ލިއެވެ. ކުއްލިއަކަށް ރާކިޒު އެ ދެއްކި ވާހަކައަކުން ޒީވާ ކަންބޮޑުވާގޮތްވެއްޖެއެވެ. ކޮޅަށް ތެދުވެ ދެކޮޅަށް ހިނގަން ފެށި ޒީވާ ވިސްނަން ފެށިއެވެ. އެއްއަތުން އަނެއްއަތުގައި ފޯނުން ޖަހާލަނީ ހާސްވެގެންނެވެ. ގޮތެއް ނިންމަން އޭނާއަށް ނޭނގިގެންނެވެ. މީހުންގެ ކުރިމައްޗަށް އެގޮތަށް ނިކުތުމަކީ އޭނާ އެއްގޮތަކަށް ވެސް ކުރަން ބޭނުންވާކަމެއް ނޫނެވެ.

އެނބުރި ކޮޓަރިއަށް ދިޔަ ޒީވާގެ އެއްވެސް ޚަބަރެއް ނުވުމުން ދީމް ހީކުރީ ޒީވާ ނިދީކަމަށެވެ. އެހެންވެ ޒީވާއަށް އުނދަގޫކުރަން ބޭނުންނުވެ އޭނާ ވެސް އެނދުގައި އޮށޯތީ ނިދާލުމަށެވެ. އެހެންނަމަވެސް މާހިދުގެ އަޑު އަހާނުލާ އޭނާއަށް ނިދޭގޮތެއް ނުވިއެވެ. މޫނިސާ ގާތު މާހިދުގެ ވާހަކަ ދައްކަން ބޭނުންވިޔަސް އޭނާއަށް ރަނގަޅު ފުރުޞަތެއް ނުލިބުނީ މޫނިސާ ނިދަން ދަންދެން ވެސް އޭނާއާއެކު ޝަނޫޒާ އިނުމުންނެވެ. ކަންފަތުގައި ފޯނު ޖަހައިގެން އޮއްވާ ދީމްއަށް ނިދުނީ ކޮންއިރަކު ކަމެއް ނޭނގެއެވެ.

ފަތިސް ނަމާދަށް ތެދުވިގޮތަށް ދީމް އަވަސްވެގަތީ ޒީވާ ހޯދާށެވެ. އަބަދުވެސް ނަމާދަށް އަރަނީ ދެކުދިން އެކުގައި ކަމަށްވާތީއެވެ. ނަމަވެސް ދީމް އައިސް އެ ކޮޓަރީގެ ދޮރު ހުޅުވާލިއިރު ޒީވާ ހުރީ ނަމާދަށް އަރައެވެ. ހައިރާންވެފައި އެކޮޓަރީގައި ހުރި ގަޑިއަށް ބަލާލެވުނީ އެހެން ދުވަސް ދުވަހަށްވުރެ ދީމްއަށް އާދެވުނުލެއް ލަސްވީބާއޭ ހިތަށް އެރުމުންނެވެ. ދެވަނަ ފަހަރަށް ނަމާދަށް ހުރި ޒީވާއަށް ބަލާލަފައި ދީމް އޭނާގެ ކޮޓަރިއަށް ދިޔައެވެ. އަދި ނަމާދުކޮށްލައިގެން މާހިދަށް ގުޅާ ލުމަށްފަހު އޭނާގެ ހެދުނުގެ ކޮފީ ތައްޔާރުކުރަން ބަދިގެ ފަރާތުގައި އުޅުނެވެ. އިރުއިރުކޮޅާ ބަދިގެ ދޮރާ ދިމާލަށް ބަލާލެވެނީ ޒީވާ އަތުވެދާނެއޭ ހިތާއެވެ. އެހެންޏާ ކޮފީ ބޯން އަންނާނީ ދެމީހުން އެކީގައެވެ.

“ޒީ ބަލިވީބާ؟ މިއަދު ކޮފީ ބޯން ވެސް ނާދޭ… މާކުރިން ނަމާދު ވެސް ކޮށްލައިފި” ޒީވާއަށް ވީގޮތެއް ނޭނގި ހުރެ ދީމްގެ ހިތާ ސުވާލުކުރިއެވެ. އެހެން ހުއްޓާ އެތަނަށް މޫނިސާ އައިސް ވަނެވެ.

“މިއަދު ދަރިފުޅު އެކަނިތަ؟ ކޮބާ ޒީ؟ ދޮންތަ ވެސް ނުހޭލަނީތަ؟” މޫނިސާ އަހާލިއެވެ. އޭނާ ވެސް އުޅުނީ މަސައްކަތަށް ދާން ވާއިރަށް ހެނދުނު ކުޑަގޮތެއް ވިޔަސް ހަދާލައިގެން ދެވޭތޯއެވެ.

“މަންމާ، ޒީ މިއަދު މާކުރިން ހޭލައިގެން އުޅޭ ދުވަހެއްހެން ހީވަނީ، އަހަރެން ދާންވާއިރަށް ނަމާދު ވެސް ކޮށްލައިފި، ކޮފީ ބޯކަށް ނާދޭ، ހީވަނީ ކޮފީ ވެސް މާކުރިން ބޯލީހެން” ކޮފީ މަގު ހިފައިގެން އައިސް ކާމޭޒު ދޮށުގައި އިށީންނަމުން ދީމް ބުނެލިއެވެ.

“އެހެންތަ؟” މާބޮޑު ވިސްނުމަކާއިނުލާ ހެވިލާފައި މޫނިސާ ބުނެލިއެވެ.

ބަދިގެ ފަރާތުން ނިކުމެގެން ދިޔައީ ދެމައިން އެކުއެކީހެންނެވެ. ދީމް އޮފީހަށް ދިއުމަށް ތައްޔާރުވެގެން ނިކުތް އިރު ޒީވާ ފެންނާކަށް ނެތެވެ. އޭރު ޝަނޫޒާ ވެސް އޮފީހަށް ދިއުމަށް ނިކުންނަނީއެވެ. ދީމް، ޝަނޫޒާ ގާތުން ޒީވާ ކޮބާތޯ އަހާލަމުން ޒީވާގެ ކޮޓަރިއާ ދިމާލަށް ދިޔައެވެ.

“ޒީ… ޒީ…” ޒީވާގެ ކޮޓަރީގައި ޓަކިޖަހާލުމާއިއެކު ދީމާ ދޮރު ހުޅުވާލިއެވެ.

“ކިހިނެއްވެފައި ތި އިނީ، އޮފީހަކަށް ނުދަންތަ؟ ބަލީތަ؟” އެނދުގައި ދެފައި ނަގައި މެޔާއި ކައިރިކޮށްލައިގެން އިން ޒީވާ ފެނިފައި ދީމް އަހާލީ ކަންބޮޑުވެފައި ހުރެއެވެ.

“އާން! ކުޑަކޮށް، ސޮރީ ދީމް… މިއަދު އޮފީހަށް ދާހިތެއްނެތް” ޒީވާއަށް ލިބިފައިވާ ހާސްކަން ފޮރުވަމުން އޭނާ ބުނެލިއެވެ.

“ހާދަ ދެރައޭ ދޯ، ޒީ ނެތީމަ މިއަދު ވަރަށް ފޫހިވާނެ” ދީމް ތުންފަތަށް ވައްތަރެއް ޖައްސާލަމުން ބުނެލިއެވެ.

“އަހަރެން ނެތަސް މިހާރު ދީމް ފޫސެއްނުވާނެ، މާހިދު ހުންނާނެ އެއްނު… ދެން ދޭ އަވަހަށް، އޭރުން ގަޑި ނުޖެހި ދެވޭނީ” ޒީވާ ގަދަކަމުން ހިނިތުންވެލިއެވެ.

ރާކިޒު އޮފީހަށް އައިރު އޭނާއަށް ޒީވާ އޮފީހަށް ނާންނަކަމެއް ނޭނގެއެވެ. ޒީވާގެ މޯބައިލްއަށް ގުޅާގުޅާ އޭނާ ފޯނެއް ނުނެގިއެވެ. އެހެންވެ ރާކިޒު ދެން ގުޅީ ޒީވާގެ މޭޒުމަތީ ހުރި އޮފީސް ފޯނަށެވެ. އެ ފޯނަށް ޖަވާބު ދިނީ ދީމްއެވެ. އެއާއެކު އަވަސް އަވަހަށް ޒީވާ ކޮބާތޯ ދީމްގެ ގާތުން ރާކިޒު އަހާލިއެވެ. ދީމްގެ ފަރާތުން ޒީވާ ބަލިވެގެން އޮފީހަށް ނާންނަކަމުގައި ބުންޏެވެ. އަދި އެކަން މާހިދަށް އަންގާފައިވާކަން ވެސް ބުންޏެވެ.

“ޒީ… ބަލިވީއޭ… އެކަމަކު ރޭގަ ވާހަކަދެއްކި އިރު އެއްގޮކަށް ވެސް ބައްޔެއްނޫން، އަނެއްކާ…. އާން! އެއީކަންނޭނގެ އެ ވީގޮތަކީ، ޒީ އަހަންނަށް ޖަވާބެއް ދޭން ބޭނުންނުވަނީ ކަންނޭނގެ، އަހަންނަށް އެއްގޮތަކަށް ވެސް ޒީ އިތުބާރު ނުކުރަނީތަ؟، މިހާ ދުވަސްވީއިރު ވެސް އަހަރެންނާމެދު ޒީ ކުޑަކޮށް ވެސް ވިސްނާނުލަނީތަ؟ އަހަރެން ލޯބިވާކަން އަދިވެސް ނޭނގެނީބާ؟ ލޯބިވާ މީހަކަށް ދެރައެއް ދޭނީ ކިހިނެއް؟ ޒީއަކީ ރާއްޖޭގެ ނަންބަރ ވަން މޮޑެލްއަށް ހަދަން އަހަރެން ބޭނުން، އަދި އެއީ އަހަރެންގެ އަނތްބަކަށް ހަދަން ވެސް ބޭނުން…. އެކަމަކު… އެކަމަކު ކީއްވެތަ ޒީގެ ހިތް އަހަންނަށް އަތުލަން އެހާ އުނދަގުލީ، އެހެން އަންހެން ކުއްޖެއްނަމަ މިހާރު އިންނާނީ އަހަރެންގެ ދެއަތުގެތެރޭގައި، އުފަލުން ރުހި ޤަބޫލުވެގެން… ހެ ހެ ހެ… ކީއްކުރާނީ، ޒީއަކީ އެހެން އަންހެން ކުދިން ފަދަ ކުއްޖެއްނޫން، އެއީ ކަންނޭނގެ އަހަރެންގެ ހިތުގައި ޒީއަށް ޚާއްޞާ މާޤާމެއް ދެވުނު ސަބަބަކީ ވެސް” ފޯނުގެ އަތްގަނޑު ބާއްވާލި ރާކިޒު އޭނާގެ އަމިއްލަ ޟަމީރާ ވާހަކަދެއްކިއެވެ. ޒީވާއަށް ވިސްނައިދޭން ހަދާނެ ގޮތަކާއިމެދު އޭނާ ފިކުރުހިންގިއެވެ. ކިތަންމެ ވަރަކަށް ގުޅިޔަސް ޒީވާ ފޯނު ނުނަގާނެހެން ހީވީއެވެ. އެހެންވެ އެންމެ ފަހުން މާފަށް އެދި މެސެޖެއް ލިފައިވައި ޒީވާގެ ފޯނަށް ރާކިޒު ފޮނުވިއެވެ. އަދި ދީމް އޭނާގެ ކެބިންނަށް ގެނައެވެ. އޭނާ ދީމްއަށް ރޭގައި ޒީވާ އާއި ދެމެދު ދެކެވުނު ވާހަކަ ކިޔައިދިނެވެ. އަދި ޒީވާގެ ގާތުން އެނބުރި އޮފީހަށް އައުމަށް ބުނުމަށް އެދުނެވެ. ޒީވާ އޭނާގެ ޕްރޮޖެކްޓުގައި އެހީވާން ބޭނުންނުވާނަމަ ރާކިޒު އޭނާއަށް މަޖުބޫރު ކުރާކަށް ނެތިންކަމުގައި އޭނާ ދީމް ގާތު ބުންޏެވެ. ދީމްއަށް ހުރިހާ ކަމެއް ވިސްނުނީ ދެނެވެ. ޒީވާ އޮފީހަށް ނައީ ކޮންމެހެން އޭނާ ބަލިވެގެން ނޫންކަމެވެ. ޒީވާ، ރާކިޒާއި ކުރިމަތިލާން ބޭނުންނުވާތީ ކަމެވެ.

“ރާކިޒު، ޔޫ ޑޯންޓް ވޮރީ… އަޅުގަނޑު އޭނާ އޮފީހަށް ގެނެސްދޭނަން” ދީމް ވަރަށް ޔަޤީންކަމާއިއެކު ބުނެލިއެވެ.

އެއްވެސް ކަމެއް ކުރާހިތެއްނެތިފައި އެނދުގައި ޒީވާ އޮތެވެ. އޭނާގެ ފޯނަށް ރާކިޒު ގުޅީ ކިތައްފަހަރު ކަމެއް ވެސް ނޭނގެއެވެ. މާފަށް އެދިފަ އާއި އެކުވެރިކަމުގެ މެސެޖުތައް ރާކިޒު ފޮނުވާފައި ހުއްޓެވެ. ހުރިހާ މެސެޖެއް ކީނަމަވެސް އެއިން އެއްވެސް މެސެޖަކަށް ޖަވާބެއްދޭން ޒީވާ ބޭނުމެއްނޫނެވެ. އޭނާ ވިސްނަމުން ދިޔައީ އާންމުންގެ ތެރެއަށް އޭނާ އެގޮތަށް ނިކުތުމުން މީހުން އޭނާއާ މެދު ދެކޭނޭ ގޮތަކާއިމެދުއެވެ. އޭނާގެ މައިންބަފައިން ބުނާނީ ކީކޭ ކަމާއިމެދުއެވެ. ފިލްމީ ދާއިރާގައި މަސައްކަތް ކުރާ މީހުންނާއި މެދު ވެސް ގިނަ އާންމުން ދެކޭގޮތް ވަރަށް ގޯހެވެ. ވީއިރު އިސްތިހާރު ކުޅުމާއި ތަފާތު ގޮތްގޮތަށް ފޮޓޯނަގައި ހެދުމަކީ ވެސް ގިނަ ބަޔަކު ތަރުޙީބު ދޭނޭ ކަމެއް ނޫންކަމުގައި ޒީވާއަށް ޤަބޫލުކުރެވެނީއެވެ. އެކަހަލަ ދާއިރާއަކަށް ނިކުންނަން ޖެހިލުންވަނީ އެހެންވެއެވެ. އިތުރަށް ބައްޕަ، ލަބީބު ނުރުހޭކަށް ޒީވާ ނޭދެއެވެ.

މެންދުރު ކައްކަން މޫނިސާ ގެއަށް އައިއިރު އޭނާއަށް ދީމް ވަނީ ހުރިހާ ވާހަކައެއް ކިޔައިދީފައެވެ. އެހެންވެ މޫނިސާ ގެއަށް އައިސް ކައްކާ ނިންމާފައި ވަނީ ޒީވާގެ ކޮޓަރިއަށެވެ. އޭނާއަށް ދީމް ހުރިހާ ވާހަކައެއް ކިޔައިދީފިކަން ސިއްރުކޮށްގެން ހުރެ އައިސް އެނދުން ތެދުވި ޒީވާގެ ގާތުގައި އިށީނެވެ.

“ޒީ ބަލި ވާހަކަ ދީމް ބުނި، ކިހިނެއްތަވީ؟ ހުންއައީތަ؟” މޫނިސާ ޒީވާގެ ނިތްކުރީގައި އަތްތިލަ ޖައްސާލިއެވެ.

“ކުޑަކޮށް ހުންވައްތަރުވީ، އެކަމަކު މިހާރު ރަނގަޅު” ޒީވާ ހުރީ ހުންއައިސްފައި ނޫންކަން މޫނިސާއަށް އެނގިދާނެތީވެ މިހާރު ރަނގަޅުކަމުގައި އޭނާ ބުނެލީއެވެ. މޫނިސާގެ ގާތަށް ކުޑަކޮށް ހިނިއަންނަ ގޮތްވިއެވެ. ޒީވާ އޭނާއަށް އޮޅުވާލަން އުޅޭކަން އެނގޭތީއެވެ.

“އެހެންވީރު މާދަން ދޯ އޮފީހަށް ދެން ނިކުންނާނީ، ދީމް ހުރީ ވަރަށް ފޫހިވެފައި ދަރިފުޅު ނުދާތީ، މިހާރު ބޭސް ކައިގެންތަ ތި އިނީ” މޫނިސާ ބުނެލިއެވެ. އެއާއެކު ޒީވާ ބޯޖަހާލީ އާނއެކޭ ބުނުމަށެވެ. ދެން ވެސް މޫނިސާ ރާކިޒުގެ ވާހަކައެއް ނޭހިއެވެ.

“މަޑުކޮށްލާނެހާ ވަގުތެއް ދެން ނެތް، ހުން އަންނަންޏާ ކޮންމެވެސް ބޭސްކައިގެން ހުންނާތި އިނގޭ، ދެން ދަނީ” ޒީވާގެ ކޮޓަރިން ނިކުތް މޫނިސާގެ ތުންފަށް ހިނިތުންވުމެއް ވެރިވެފައި ހުއްޓެވެ. އޭނާ ބޭނުންވީ ޒީވާ އިސްވެ ރާކިޒުގެ ވާހަކަ އޭނާގެ ގާތުގައި ދެއްކުމެވެ. އެކަމަކު އެއީ ނުވާނޭ ކަމެއްކަން ޒީވާގެ ވާހަކަތައް ހުރި ގޮތުން އޭނާއަށް އެނގުނެވެ. އެހެންވެ ވަގުތު ވެސް ނެތުމާއިއެކު އޭނާ ގެއިން ނިކުމެގެން ދިޔައީ ޒީވާ ގާތު އޭނާ ދައްކަން އައި ވާހަކަ ނުދައްކައެވެ.

އެންމެން ގޭގައި ހަމަވީ އިރުއޮއްސުނު ފަހުންނެވެ. އިޝާ ނަމާދުކޮށްގެން ރޭގަނޑުގެ ކެއުމަށް އެންމެން ކާމެޒު ދޮށަށް ޖަމާވިއެވެ. ދީމްއަށް ޒީވާ ފެންނަން ވާއިރަށް ސަމާސާކޮށްލިއެވެ.

“މިއަދު ރާކިޒަށް ހުރީ ރޮވިފައި، ހަމަ ތެދެއް މިބުނީ…” ހެމުން ހެމުން ކަހަލަ ގޮތަކަށް ދީމް ބުނެލިއެވެ.

“ކީއްވެތަ އޭނަ ރޯންވީ” ލޯއަޅާލަމުން ކަހަލަ ގޮތަކަށް ޒީވާ ދީމްއަށް ބުނެލިއެވެ.

“ޒީއަށް ހަމަ ނޭނގިގެންތަ ތިބުނީ، އޭނާއަށް ކިހާބޮޑު ގެއްލުމެއް ވާން އެ އުޅެނީ… އެކަން އެންމެ ރަނގަޅަށް އެނގޭނެ މީހަކީތީ، މިއަދު ޒީ އޮފީހަށް ނައީމަ ވެސް ރާކިޒު ހުރީ ވަރަށް ހިތުގައި ޖެހިފައި” ދީމް ބުނެލިއެވެ.

“ދެން އޭނާ އެވަރަށް ރުއި އިރު ދީމް ކީއްވެތަ އޭނާގެ ކަރުނަ ފޮހެދެން ނުހުރީ” ޒީވާ ގޮތްދޫނުކުރާ ކަހަލަ ގޮތަކަށް ބުނެލިއެވެ.

“އަހަރެން ކަރުނަ ފޮހެދީގެން އޭނާގެ ހިތަށް ހަމަޖެހުމެއް ލިބޭނެނަމަ އެކަން ވެސް ކޮށްދިނީމުސް، އެކަމަކު އޭނާއަށް މިހާރު ކޮންމެ ކޮންމެ އަންހެން ކުއްޖަކު އެހެން އުޅެގެން ކަމު ނުދާނެ” ދީމް ލާނެތްގޮތަކަށް ބުނެލިއެވެ.

“މަންމަ ވެސް ވާހަކައެއް އަޑުއެހިން” މޫނިސާ ވެސް ހިތުގައި އޮތް އެއްޗެއް ބުނަން ބޭނުންވެފައި ހުރިވަރުން ކުދިންގެ ވާހަކައިގައި ބައިވެރިވިއެވެ. ޝަނޫޒާ މަޑުން ނީނދެ ދީމްއާ ބައިވެރިވެލަމުން ޒީވާއާ ދިމާކޮށްލިއެވެ.

“ދީމް މަންމަ ވެސް އަހަންނާ ދިމާކުރަންތަ ތިއުޅެނީ، އެމީހުން އެ ދައްކަނީ ތެދު ވާހަކައެއްނޫން، ރާކިޒަކީ އެކަހަލަ މީހެއް ނޫނޭ އަހަރެން ބުނަމެއްނު، އަނެއްކާ އަހަރެން އޭނާއާ މެދު އެކަހަލަ ގޮތަކަށް ނުވެސް ދެކެން، މި ދީމް ދައްކަފާނެ ކޮންމެ ފަދަ ވާހަކައެއް ވެސް” އެއްވެސް ކަމެއް ނޭނގޭ ކަމަށް ހެދެމުން ޒީވާ ބުނެލިއެވެ. އެހެންނަމަވެސް މިފަހަރު އެންމެނަށް ވެސް ވެގެން އުޅޭ ގޮތް އޮތީ އެނގިފައެވެ. އެހެންވެ ޒީވާ ކަމެއް ސިއްރުކުރާކަން އޭނާގެ މޫނުމަތި ވެސް ހެކިދިނެވެ.

“މަންމަ މިއުޅެނީ ދިމާކުރާކަށްނޫން، އެކަމަކު ރާކިޒު އެދުނު ކަންތައް ކޮށްދިނުމަކީ ގޯސްކަމެއްކަމަކަށް މަންމައަކަށް ނުފެނޭ، މީހުންގެ ތެރޭ މަޤުބޫލު މޫނަކަށް ދަރިފުޅުގެ މޫނުވުމަކީ ލިބޭނެ އުފަލެއް” ރިހަ ބޯތަށި ގެނެސް މޭޒުމަތީ ބެހައްޓަމުން މޫނިސާ ބުނެލިއެވެ. އެއާއެކު ވަގުތުން މުޅި ތަނަށް ހަމަހިމޭންކަން ވެރިވެގެންދިޔައެވެ. ދީމް އާއި ޝަނޫޒާ ވެސް މަޑުމަޑުން އިނީ ޒީވާ ބުނާނެ އެއްޗެއްގެ އިންތިޒާރުގައި ތިބިހެނެވެ. މޭޒު ދޮށުގައި އިށިން މޫނިސާ ވެސް ހަރަކާތެއް ނުގެނެސް އިނީ ޒީވާއަށް ބަލަހައްޓައިގެނެވެ.

“ރާކިޒު ބުނީތަ” އިރުކޮޅަކު އެއްޗެއް ނުބުނެ އިނދެފައި ޒީވާ އަހާލިއެވެ.

“އޭނާ އަހަންނަށް ކަންތައްވީގޮތް ކިޔައިދިން، އޭނަ ހުރީ ހަޤީޤަތުގައި ވެސް ވަރަށް ދެރަވެފައި، ބުނި ޒީއަށް އެއްވެސް ކަމަކު މަޖުބޫރުކުރާކަށް ބޭނުމެއްނޫނޯ، އޭނާއަށް ދެއްކުނު ވާހަކައިން ޒީ އޮފީހުން ކެނޑިދާނެތީ ހުރީ ވަރަށް ހާސްވެފައި، އަހަރެން ގާތު ބުނީ ޒީއަށް ވިސްނައިދޭށޯ، މައްސަލައެއްނެތޯ އޭނާގެ ޕްރޮޖެކްޓުގައި މަސައްކަތް ކުރަން އެއްބަސް ނުވިޔަސް، އެކަމަކު އޮފީހަށް ނައިސް ނުހުންނައްޗޯ” ދީމް ބުނެލިއެވެ.

“މަންމައަށް އެނގޭ ޒީ ބަލި ނޫންކަން، ރާކިޒުއާ ކުރިމަތިލާން ބޭނުންނުވެގެންނު އޮފީހަށް ނުދިޔައީ” ދީމްގެ ވާހަކަ ނިމުމާއިއެކު މޫނިސާ ވަގުތުން ބުނެލިއެވެ.

“އަހަންނަކަށް ނޭނގެ ރާކިޒު އެކަހަލަ ކަމަކު އަހަރެންގެ ގާތުން އެދެންވީ ސަބަބެއް، އަހަންނަކަށް ނުކެރޭނެ…” ޒީވާ އިސްޖަހާލިއެވެ.

“ޒީވާ، ރާކިޒަކީ ގޯސް މީހެއްތަ؟ އަޅެ ޒީވާ ބުނެބަލަ” މޫނިސާ މިހެން ބުނުމުން ޒީވާ މަޑުމަޑުން ދެފަރާތަށް ބޯހޫރާލީ ނޫނެކޭ ބުނުމަށެވެ.

“ދެން އެހެންވީރު ދަރިފުޅު ބުނެބަލަ… ރާކިޒު ދަރިފުޅަށް ގެއްލުމެއްވާނޭ ފަދަ ނިންމުމެއް ނިންމާނެތަ؟ ހަމަގައިމު ވެސް މަންމަގެ ހިތެއް ނުބުނޭ” މޫނިސާ ބުނެލިއެވެ. ކުޑައިރުކޮޅެއް ކުރިން މޭޒުދޮށުގައި ކުރެވެމުން ދިޔަ ސަމާސާގެ އަޑުތައް އެކީހެން ބަދަލުވީއެވެ. އެންމެންގެ މޫނުމަތިން ސީރިއަސްކަން ފެންނަން ހުއްޓެވެ.

“ނުކެރޭނެ… މީހުން ދެކޭނީ އަހަންނަކީ ވަރަށް ވިޔާނުދާ މީހެއްގެ ގޮތުގައި” ޒީވާ މަޑުމަޑުން ބުނެލިއެވެ.

“ޒީވާއަށް ކުރަން ބޭނުންވެއްޖެނަމަ ކޮންމެ ކަމެއް ވެސް ކޮށްފާނެކަން މަންމައަށް އެނގޭ، އެކަމަކު މިއަދު ޒީވާ، ރާކިޒު އެދުނު ކަންތައް ކޮށްދޭން ބޭނުންނުވަނީ، ރާކިޒު ދަރިފުޅުގެ ގާތުން އެހީއަކަށް އެ އެދުނީ ވަރަށް އިތުބާރު ކުރެވޭތީ، އަދި ދަރިފުޅަށް ވެސް ރަނގަޅު ގޮތެއް ހޯދައިދޭން ވިސްނާފަހެން ބޮޑަށް ހީވަނީ، އެހެންނޫނަސް ހެޔޮކަމެއް ކޮށްދިން މީހަކުގެ މަތިން ހަނދާންނައްތާލައިގެން ނުވާނެ އެއްނު، މިއަދު އޭނާއަށް އެހާ ބޮޑު ގެއްލުމެއް ލިބެން އުޅޭއިރު އެކަމުން ސަލާމަތްކޮށްދިނުމަށް އެދުނީ ހަމައެކަނި ދަރިފުޅުގެ ގާތުން، މަންމައަށް ޔަޤީން، ރާކިޒު ވަރަށް ވިސްނާފައި ނޫނީ ދަރިފުޅު ގާތުން އެވަރުގެ ކަމަކަށް ނޭދޭނެކަން، ޒީވާ، މީހުން ދެކޭނޭ ގޮތާއިމެދު އެހާވަރަށް ނުވިސްނާ، އަމިއްލަ ދިރިއުޅުން ކޮންމެހެން ބައްޓަން ކުރަންޖެހޭނީ އެހެންމީހުން ބޭނުންވާގޮތަކަށް ނޫން، ތިމާ ބޭނުންވާ ގޮތަށް… ފާޑުކިޔާ ގޮތް ކިޔަން ކޮންމެ މީހަކު ވެސް ވަރަށް ކުޅަދާނަވާނެ، އެކަމަކު އެހީތެރިކަމެއް ބޭނުންވާ ވަގުތު އެންމެން ވެސް ދުވެ ފިލާނީ، އަބަދުވެސް އުޅޭނީ ތިމާއަށްވުރެ އަނެކަކަށް ރަނގަޅު ގޮތެއް ވެދާނޭތީ، ހިތްވަރުގެ ބަހެއް ބުނެލުމުގެ ބަދަލުގައި ބަލާނީ އަނެއްކާގެ ހިތް މަރުވާފަދަ އެއްޗެއް ބުނެ އޭނާ އެކަމަކުން ދުރުކުރެވޭތޯ، އެއީ ދުނިޔޭގެ އާދަ… އެގޮތަށް ދަރިފުޅު ތަބާވާން ބޭނުންވަނީތަ؟ މީހުން ކިޔާހާ އެއްޗެއް އަޑުއަހާ ކުއްޖަކަށް ޒީވާ ވާން ބޭނުންވަނީތަ؟ ކޮބާ ޒީވާގެ އަޒުމް، މިހާރު އެ އަޒުމް ބަލިކަށިވީތަ؟ އަދި އެއްފަހަރު ޒީވާ، ރާކިޒާ މެދު ވިސްނާލާފައި ގޮތެއް ނިންމަބަލަ، ދީމް އެބުނީ ރާކިޒު ވެސް މިހާރު ހުރީ ވަރަށް ދެރަވެފައޭ ދަރިފުޅު އޮފީހަށް ނުނިކުމެދާނޭތީ… ތީ އަދި ކަންތައްކުރަން ރަނގަޅުގޮތެއް ނޫން” މޫނިސާ އޯގާތެރިކަމާއިއެކު ވާހަކަދައްކަމުން ޒީވާއަށް ކާން އަޅައިދިނެވެ.

“ތެދެއް ޒީ… ރާކިޒު ކަހަލަ ހެޔޮލަފާ މީހަކު ދޭ ފުރުޞަތަކަށް ފުރަގަސްދޭކަށް ނުވާނެ، ކިހިނެއް އެނގެނީ މުސްތަޤުބަލުގައި ޒީއަކީ ގިނަބަޔަކު ބަލައިގަންނާނެ ފަދަ މަޤުބޫލު މީހަކަށް ނުވާނެ ކަމެއް ވެސް، ނިކަން ހިތްވަރާއިއެކު ކުރިމަތިލާބަލަ، ދޮންތަ ވެސް މަންމައާ އެއްބަސް… ޒީ ބޭނުންނަމަ ޒީއަށް ކުރަން ނުކެރޭނެ ކަމެއް ނޯންނާނެ، އަނެއްކާ ތީ ނުލާހިކު ހިތްވަރުގަދަ ކުއްޖެއް، މީހަކު ބުނާހާ އެއްޗަކަށް އަހަރުމެންގެ ޒީއެއް ނުގުޑާނެ… ދޯ މަންމާ” ޝަނޫޒާ ވެސް ޒީވާއަށް ހިތްވަރުދިނީ ރާކިޒުގެ އެނދުމަށް އާނބަސް ބުނުމަށް އެދިއެވެ.

“ރާކިޒު އަހަރެން ގާތުން އެކަމަށް އެދުނުނަމަ އަހަރެން ނުވެސް ވިސްނާނަން، ވަގުތުން ބުނާނަން އާނއެކޭ… އޭނާއަކީ އެވަރުގެ މީހެއް، މިވީ ދުވަސްތަކުގައި ވެސް ދުވަހަކު ވެސް އަހަރެން ނުދެކެން ރާކިޒު، ޒީވާ ނޫން އަންހެން ކުއްޖަކާ އެހާ ގާތްކޮށް ވާހަކަދައްކާ ތަނެއް، އަނެއްކާ ހުރިހާ ސްޓާފުން އެހާ ރެސްޕެކްޓް ކުރޭ، ކެފޭގައި އަހަރުމެން އުޅުނު ގޮތާއި މިހާރު މިއުޅޭ  ގޮތާއި ކިހާ ތަފާތު، މިހާރު ހިތްހަމަޖެހިލައިގެން އަމާން މަޙައުލެއްގައި ތިބެ މަސައްކަތް ކޮށްލެވޭ، ހަމަގައިމުވެސް އަހަންނަށް މިފުރުޞަތެއް ނުލިބުނީސް ރާކިޒު ކަހަލަ މީހަކާ ދިމާ ނުވިނަމަ…. ސޯ ޕްލީޒް ޒީ، އަހަންނަށްޓަކައި ވިޔަސް އާނއެކޭ ބުނެބަލަ” އާދޭސްކުރާފަދަ ގޮތަކަށް ދީމް ދެއަތްތިލަ ޖޯޑުކޮށްލިއެވެ.

“އޯކޭ! އެކަމަކު… ރާކިޒު… ދީމް މަންމާ، އަހަރެން ޖެހިލުންވަނީ އެންމެނާ ވަކިން ތިން ހަތަރު ދުވަހު އުޅެން ޖެހޭނޭތީ، ބައިވަރު ފިރިހެނުންތަކަކާއިއެކު ދާން ޖެހޭތީވެ… މާލޭގައި ޝޫޓިން އޮތްނަމަވެސް އަހަރެން ހިތްހަމަޖެހޭނެ” ޒީވާ، މޫނިސާއަށް ބަލާލިއެވެ.

“ޒީ އަދިވެސް ހާދަ ޅައޭ، މިހާރު ފިރިހެނުންނެއްކަމަކު ބޭނުންހާކަމެއް ނުކުރެވޭނެ، އަނެއްކާ ފޯނުކޯލެއްހާ ދުރުގައި އަހަރުމެން މިތިބީ، ޒީ ގުޅާއިރަށް ކޮންމެ ގޮތެއް ހަދާފައި ވިޔަސް ދަރިފުޅުގެ ގާތަށް ދާނަން، އެހެންވީމަ ބިރުނުގަނޭ، ތަޖުރިބާއިން ކަންކަން ދަސްވާނީ، ސަމާލުވާންވީ ކަންކަން ވެސް އެނގޭނީ އޭރުން” މޫނިސާ ހިނިތުންވެލިއެވެ.

“ދީމް… ރާކިޒު ގާތު އެއްވެސް ވާހަކައެއް ބުނެގެން ނުވާނެ، އަހަރެން އޭނާއާ ވާހަކަދައްކާނަން، ދެން ޕްލީޒް، އަހަންނާއި ރާކިޒާ އަޅުވާކިޔުން ހުއްޓާލަބަލަ، އަދި ޚާއްޞަކޮށް އޮފީސްތެރޭގައި، ތިހެން ކަންތައްކުރަންޏާ ދެން އަހަރެން ރާކިޒާއިއެކު އެއްވެސް ތާކަށް ނުދާނަން” ޒީވާ ބުނެލިއެވެ.

“ސޮރީ، ދެން ނުކިޔާނަން… އެކަމަކު ޒީ ހެލްޕް ވާނަން ދޯ ރާކިޒަށް” ދީމް ކަންފަތުގައި ދެއަތުން ހިފާލާފައި ބުނެލިއެވެ. ޒީވާ އާނއެކޭ ބުނުމުގެ ގޮތުން ބޯޖަހާލިއެވެ.

“ދެން ނުތިބެ ކާންފަށާ” ޒީވާގެ ޖަވާބުން ހިތްހަމަޖެހިފައި އިން މޫނިސާ ހުރިހާ ކުދިންނަށް ބުނެލިއެވެ.

ބެލްކަނީގައި ދެކޮޅަށް ހިނގާލަ ހިނގާލަ ހުރި ރާކިޒަށް ބެލެނީ ދީމްމެންގެ ގެއާ ދިމާލަށެވެ. މުޅި ދުވަހު އޭނާއަށް ވިސްނުނީ ޒީވާއާ މެދުއެވެ. ޒީވާގެ އަޑުއަހާލާ ހިތުން އޭނާ ކެތްމަދުވެފައި ހުރި ކަހަލައެވެ. ބޭރުކޮށްލާ މާޔޫސީ ނޭވާއާއިއެކު އޭނާގެ ދެބުމަ ކައިރިކޮށްލައެވެ. ޒީވާ އާއި އޭނާއާ ދެމެދު އޮތް ރަޙުމަތްތެރިކަމުގެ ގުޅުން ވެސް ނިމުމަކަށް އައީބާއޭ ރާކިޒުގެ ހިތަށް އަރަނީއެވެ. އެހާ ވަރުން އޭނާ ޒީވާއަށް މާފަށް އެދި މެސެޖު ކުރަމުން ދިޔައީ އެހެންވެއެވެ. ފަހަރެއްގައި ވެސް ޒީވާގެ ވެރިޔާގެ ގޮތުންނެއް ނޫނެވެ. އޭނާ ބޭނުންވިޔަސް އެގޮތަށް ރާކިޒަށް ދެކެން އުނދަގުލެވެ. އެންމެ ފަހުން ދެކޮޅަށް ހިނގަހިނގާ ފައިވާޅުވެގެން ކަންނޭނގެއެވެ. ބެލްކަނީގައި ހުރި ގޮނޑި ދަމާލާފައި ގެނެސް އޭގައި އިށީނީ ބެލްކަނީގައި އިށީނދެގެން އިންނައިރު ވެސް ދީމްމެންގެ ގެ ފެންނާނޭ ހިސާބުގައެވެ. ސަރަންފީ ގޮތަށް ހަދާފައިވާ އެ ގޮނޑިއަށް ރާކިޒުގެ ހަށިގަނޑު ދޫކޮށްލައިގެން އޭނާ އޮތެވެ. ވަށައިގެންވާ ދިއްލާފައިވާ ބޮކިތަކުގެ އަލިގަދަ ކަމުން އުޑުމަތި ފެންނަނީ ފަތުރާލާފައި އޮތް ކަޅު ސާލެއްފަދައިންނެވެ. އެއްވެސް ދިމާލަކުން ތަރިއެއްގެ ވިދުން ފާޅެއްނުވެއެވެ. އުނގުގައި ބާއްވާލާފައި އޮތް ފޯނު ނަގައި އެއާ ކުޅެން ފެށިއެވެ. އެހެން އިންދާ ރާކިޒުގެ ފޯނުގެ އިސްކުރީނު ދިއްލެންފެށީ ޒީވާގެ ކޯލަކުންނެވެ. ޤަބޫލުކުރަން ދަތިވެފައި އިނދެ ކޯލަށް ޖަވާބުދެމުން ކަންފަތުގައި ފޯނު ޖައްސާލިއެވެ.

“ރާކިޒު އެދުނު ކަންތައް އަހަރެން ކޮށްދޭނަން… ރާކިޒުގެ ޕްރޮޖެކްޓްތައް ނިންމުގައި…” ޒީވާ ވާހަކަދެއްކީ ވަރަށް ލަސްލަހުން ކަމުން އޭނާގެ ވާހަކަ ނުނިމެނީސް ރާކިޒު ވާހަކަދައްކަން ފެށިއެވެ.

“ވަރަށް ބޮޑަށް ތޭންކްސް، ޒީ އަހަންނަށް ތިކޮށްދިނީ ވަރަށް ބޮޑު ކަމެއް، އެކަމަކު އަހަރެން މިކަމަށް މަޖުބޫރުކުރާކަށް ބޭނުމެއްނޫން، ޒީ ނޫނެކޭ ބުންޏަށް އަހަރެން ޤަބޫލުކުރާނަން، އަދި ޒީގެ ވަޒީފާ ވެސް ނުގެއްލޭނެ…. އަހަރެންގެ ވަޒީފާގައި ޒީއަށް ވަޒީފާ ދިނީ ކޮންމެހެން އަހަރެން ބުނާ ހުރިހާ ކަމަކަށް ޒީ އާނއެކޭ ބުނަން ޖެހޭނެއޭ ވިސްނާފައެއްނޫން، އެއީ އަހަރެން އެއްވެސް އިރަކު ބޭނުންވި ގޮތެއްނޫން، ސޯ ޕްލީޒް… ޒީ ބޭނުންވާގޮތް ވަރަށް ސާފުކޮށް އަހަންނަށް ބުނެދިނިއްޔާ ވަރަށް ރަނގަޅު، އަހަރެން މިއަދު ވަރަށް ދެރަވި ޒީ އޮފީހަށް ނައީމަ، ހިތަށް އެރީ އަހަންނަށް ދެއްކުނު ވާހަކައިންނޭ ޒީ އެގޮތަށް ކަންތައް އެކުރީ، ދީމް ގާތު ހުރިހާ ވާހަކައެއް ބުނިން، އެއީވެސް ޒީ ދެން އޮފީހަށް ނައިސްދާނެއޭ ހީވާތީވެ” ރާކިޒު އަވަސް އަވަހަށް ވާހަކަދެއްކިއެވެ.

“ރާކިޒު، އެއްވެސް މީހަކު އަހަންނަށް މަޖުބޫރެއްނުކުރޭ، ރާކިޒު އަހަރެންގެ ގާތުގައި ކަމަކަށް އެދުނު މީ ފުރަތަމަ ފަހަރު، އެހެންވެ ކޮށްދޭން ބޭނުންވީ، އެކަމަކު އަހަރެންގެ ޝަރުތުތަކެއް އެބަހުރި، އަހަންނަށް އެނގޭ ޝޫޓިން އޮތީ ރިސޯޓުގައިކަން، އަހަންނަށް ވަރަށް ރަނގަޅު އެހެން މީހުންނާ މަސްހުނިނުވާނޭ ގޮތަށް އަހަރެންގެ ކަންކަން ހަމަޖެހިފައި ހުރިއްޔާ… އަހަރެން ދުވަހަކު ވެސް ޢާއިލާ މީހުންނާ ވަކިން ރަށުން ބޭރަކަށްނުދަން، އެހެންވެ” ޒީވާ ބުނަން އުޅެނީ ކީކޭކަން ރާކިޒަށް ނަގައިގަނެވުނެވެ. ޒީވާ ނޭދުނު ނަމަވެސް ރާކިޒު ހުރީ ޒީވާއަށް ހުރިހާ ކަމެއް ވަކިން ކުރެވޭނޭގޮތަށް ހަމަޖައްސައި ދިނުމަށް ނިންމައިގެންނެވެ. އޭނާގެ މަސައްކަތްތަކުގައި އުޅޭ އެހެން އަންހެން ކުދިންނަށްވުރެ އެތައް ގޮތަކުން ރާކިޒަށް ޒީވާ ޚާއްޞައެވެ. ވީއިރު އޭނާ ޒީވާ ރައްކާތެރިކޮށް ބަލަހައްޓަން ބޭނުންވެއެވެ.

“އެކަމާ ހާސްނުވޭ، އަހަރެން ހުރިހާ ކަމެއް ހަމަޖައްސައިދޭނަން، ޒީއަށް އެއްވެސް ގޮތަކުން އުނދަގުލެއް ނުވާނެ، އަހަރެން އަބަދުވެސް ހުންނާނަން ޒީއާއެކު، ފެންނަ ހިސާބުގައި… ކިތަންމެ ބައިވަރު ފިރިހެނުންނެއް އުޅުނެއްކަމަކު ޒީއަށް އުނދަގުލެއް ނުފޯރާނެ، ޔަޤީން ކުރޭ” ރާކިޒު ބުންޏެވެ.

އެ ދެމެދުގައި މަސައްކަތް ކުރިއަށް ގެންދާނެ ގޮތުގެ ވާހަކަ ދެކެވުނެވެ. އަދި ފުރާނޭ ދުވަހެއް ކަނޑައަޅައި ހަމަޖެހުނެވެ. ރާކިޒު ބޭނުންވަނީ ވީހާ ވެސް އަވަހަކަށް ފުރާށެވެ. އޭރުން އެހެން މަސައްކަތްތަކަށް ފުށޫ ނާރާ ނިންމަން ޖެހޭ ދުވަހަށް މަސައްކަތް ނިންމާލެވޭނެތީއެވެ. އެއަށްވުރެ ބޮޑަށް ރާކިޒު އުފާވަނީ ޒީވާ އާއިއެކު އެކަނިވެލަން ވަގުތުކޮޅެއް އޭނާއަށް ލިބޭތީއެވެ. ފޯނުކޯލު ކުރުކޮށްލާކަށް ރާކިޒު ގަސްދެއް ނުކުރިއެވެ. އޭނާ އެއްވާހަކައިން އަނެއްވާހަކައަށް ކުރިފަޅުވަމުން ދިޔައެވެ. ޒީވާއަށް ފޯނު ބާއްވަނީއޭ ބުނާކަށް ނުކެރުނެވެ.

ފުރުމަށް ތައްޔާރުވާންޖެހޭ ހުރިހާ ތައްޔާރީއެއް ވުމުގައި ރާކިޒު ޒީވާއަށް އެހީވިއެވެ. ހުރިހާ ޚަރަދެއް ބެލެހެއްޓިއެވެ. އެގޮތުން ފުރަތަމަ ފަހަރަށް ރާކިޒު، ދީމްމެންގެ ގެއަށް ވަނެވެ. މޫނިސާ އުފަލުން ހީވަނީ އުދުއްސައި ގަނެދާނެހެންނެވެ. އެހެންނަމަވެސް އޭނާގެ ވާޖިބު އެންމެ ފުރިހަމަ އަދާކުރިއެވެ. ޒީވާއަކީ މިހާރު އޭނާގެ ދަރިއެކެވެ. ރާކިޒު ކިތަންމެ ރަނގަޅު ނަމަވެސް އޭނާއަށް ފުރިހަމަ އިތުބާރު ކުރަންވެދާނެކަމާ މެދު މޫނިސާގެ ޚިޔާލު ތަފާތުވެއެވެ. އެހެންވެ ޒީވާއަށް ރަނގަޅަށް ބެލުމަށް ރާކިޒުގެ ގާތުގައ މޫނިސާ އެދުނެވެ. އަދި އޭނާގެ ދަރިފުޅު ސަލާމަތުން އަނބުރާ އޭނާއަށް ރައްދުކޮށްދިނުމަށް އެދުނެވެ. ރާކިޒު ވަރަށް ގިނަ ފަހަރު މަތިން ޒީވާއަށް ދެރަގޮތެއްވިޔަ ނުދޭނަން ކަމަށް ބުންޏެވެ. ފޮށި ހިފައިން ޒީވާ ސިޓިން ރޫމަށް ނިކުތުމުން ސޯފާގައި އިން ރާކިޒު ތެދުވެ އެ ފޮށީގައި ހިފިއެވެ. އަދި ގެއިން ނިކުމެ ކާރާ ހަމައަށް ފޮށި ގެންދިޔައެވެ. ޒީވާ ބިރުން އުޅޭހެން ހީވާތީވެ މޫނިސާ ޒީވާ ފުރުވަން ދިޔައެވެ.

“ޒީވާ، ދަރިފުޅު ބަލައިގެން އުޅެއްޗޭ، މަންމައަށް ގުޅައްޗޭ އެކޮޅަށް ދެވުނީމަ” ލޯންޗަށް އަރަން ތައްޔާރުވެލި ޒީވާގެ އަތުގައި ހިފާލަމުން މޫނިސާ ބުންޏެވެ. ޒީވާ ބޯޖަހާލުމުން މޫނިސާ އޭނާ ގެނެސް ގަޔާ ކައިރިކޮށްލާފައި ބޮލުގައި ފިރުމާލިއެވެ. ކަންބޮޑުވާން ބޭނުންނުވިޔަސް ކޮންމެވެސް ވަރަކަށް މޫނިސާ ހުރީ ހާސްވެފައެވެ. ޒީވާއަކީ އަމިއްލަ ދަރިއެއް ނޫނެވެ. ހާސްވަނީ އެހެންވެއެވެ. މީހެއްގެ ދަރިއަކާއިމެދު ރައްކާތެރި ނުވެވިދާނެތީއެވެ. އަމިއްލަ ދަރިއަކަށް ކަމެއްވުމަށްވުރެ މޫނިސާ ޒީވާއާ މެދު ކަންބޮޑުވަނީ އެހެންވެއެވެ. އޭނާގެ ހިތުން ޒީވާ އެވަނީ ދަރިއެއްގެ މަޤާމު ހޯދާފައެވެ. ވީއިރު އޭނާއަކީ ހެޔޮލަފާ މަންމައަކަށް ވާން ބޭނުންވެއެވެ. ދަރިފުޅުގެ މައްޗަށް ރައްކާތެރިވާ މަޔަކަށްވާން އޭނާ ބޭނުމެވެ. ލޮލަށް ނުފެންނަ ހިސާބަށް ކުޑަހިނދުކޮޅަކަށް ނަމަވެސް ދަރިފުޅު ދިއުމަކީ މައިމީހާގެ ހިތް ބިރުވެރި ޚިޔާލުތަކުން ފުރިގެންދާ ވަގުތުތަކެކެވެ. އުނަގަނޑާއި ދިމާލުން އެއްއަތް ހުރަސްކޮށްލައިގެން ހުރިއިރު އަނެއްއަތުން މޫނިސާ ހުރީ މޭގައި އަތްޖައްސައިލައިގެންނެވެ. ރާކިޒުގެ އެހީގައި ލޯންޗަށް އަރާ ހަމަޖެހިލި ޒީވާއަށް އެސްފިޔަޖަހާލުމެއްނެތި ބަލާށެވެ. ކަނޑާފައިވާ ނެރުން ލޯންޗު ނިކުމެގެން ދަންދެން މޫނިސާ ތޮށިމަތިން ފިޔަވަޅެއް ވެސް ދިމާލަކަށް އަޅާނުލާ ރަތްދަކައަވީގައި ހުއްޓެވެ.

“ކީއްވެތަ އައު ކުއްޖާ ނައީ؟ ނަޖުމް ވެސް ނާދެއެއްނު” ރާކިޒުގެ ކުރިމަތީގައި އިން ފާރިޝް އަހާލިއެވެ.

“އައު ކުއްޖާ ގޮވައިގެން ނަޖުމް އަންނާނެ، ކުއްލިއަކަށް ފުރަން ހަމަޖެއްސީމަ އޭނާއަށް އުނދަގޫވީ އަންނަން، ބުނީ މަންމަ ޑޮކްޓަރަށް ދައްކަން ޖެހޭ ވާހަކަ، އޭނައާ އޭނާގެ މަންމައެކަނިކަމަށް އުޅެނީ، އެހެންވެ އަހަރެން ބުނީ ނަޖުމް ގާތު އޭނާ ގޮވައިގެން އިރުއޮއްސޭއިރު އޮންނަ ލޯންޗަށް އަރާށޭ، މާދަމާ މަސައްކަތް ފަށާނީ، އެހެންވީމަ އެންމެން ހަމަވާނެއެއްނު، އަނެއްކާ މީ ނަޖުމްގެ އެންމެފަހު މަސައްކަތް” ރާކިޒުގެ ގާތުގައި އިން ޒީވާއަށް އޭނަ ދައްކަމުން ދިޔަ ހުރިހާ ވާހަކައެއް އަޑުއިވެއެވެ.

ރިސޯޓަށް އަރަންވާއިރަށް ރާކިޒު ހުރިހާ އެންމެނަށް ޒީވާ ތަޢާރަފްކޮށްދިނެވެ. އަދި ޒީވާއަކީ އެ ދާއިރަށް އައު ކުއްޖެއްކަމަށްވާތީ އެންމެންގެ އެއްބާރުލުން ޒީވާއަށް ދިނުމަށް ރާކިޒު އެދުނެވެ. ނަސީބަކުން އަންހެންކުއްޖަކަށް ދިޔައީ ޒީވާ އެކަންޏެއްނޫނެވެ. މޭކަޕްކުރުމުގެ ކަންކަން ކުރުމަށް މާލޭގެ މަޝްހޫރު ސެލޫނަކުން ދެއަންހެން ކުދިން އައިސްތިއްބެވެ. އެމީހުން ޒީވާއާ ވާހަކަދައްކަން ފެށުމުން ފޫހިފިލާގޮތްވިއެވެ. ގަޑިއެއްގެ އިރަށްވުރެ ގިނައިރު ދުއްވިފަހުން ޒީވާމެންނަށް ރިސޯޓަށް އާދެވުނެވެ. ރާކިޒު ބުނިހެން ޒީވާގެ އެންމެ ގާތުގައި ހުރިހާ ކަމެއް ކޮށްދިނުމަށް އޭނާ ހުއްޓެވެ. ބައެއްފަހަރު ރާކިޒުގެ ގާތްކަމުން ޒީވާއަށް އުނދަގޫވާފަހަރު ވެސް އާދެއެވެ. އެކުގައި އައި އެހެން މީހުންނަށް ވެސް ރާކިޒު، ޒީވާއާ މެދު ޚާއްޞަގޮތެއް ބަހައްޓާކަން ފާހަގަކުރެވުނެވެ. ނަމަވެސް އެމީހުންގެ މެދުގައި އެވާހަކަ ދެކެވުމުގެ ބަދަލުގައި އެންމެން ވެސް ޒީވާގެ ރީތިކަމަށް ތަޢުރީފު ކުރިއެވެ. އަދި ރާކިޒުގެ ހޮވުން މޮޅުކަމަށް ޤަބޫލުކުރިއެވެ. ރިސޯޓުގެ މެނޭޖަރު ރާކިޒުމެން ތިބޭ ކޮޓަރިތަކަށް ގެންގޮސްދިނެވެ.

މަސައްކަތްތައް ފަށާނީ މާދަމާކަމުގައި ރާކިޒު ބުނެފައި އޮތުމުން ޒީވާ އޮތީ ކޮޓަރީގައެވެ. އެހެންމީހުން ބޭރަށް ނިކުމެ ރިސޯޓުގެ އެކި ދިމަދިމާލަށް ދާންފެށިއެވެ. ރާކިޒަށް ޒީވާ ނުފެނުމުން އައިސް ކޮޓަރީގައި ޓަކި ޖަހާލިއެވެ. ކޮޓަރިން ބޭރަށް ނިކުންނަން ބޭނުން ނުވެފައި އޮވެފައި ވެސް ރާކިޒު އެދުމުން އޭނާއާ އެކު ރަށުތެރޭ ހިނގާލަން ޒީވާ ނިކުތެވެ.

“މަންމައަށް ގުޅައިފިންތަ؟” ސޯޓުގެ ދެޖީބަށް އަތްޖަހާލައިގެން ހުރެ ޒީވާ އާއި ދާދި ގާތުން ހިނގަމުން އައި ރާކިޒު އަހާލިއެވެ.

“ގުޅައިފިން…” މަޑުމަޑުން ޒީވާ ބުނެލިއެވެ.

“އަހަރެން ވާހަކައެއް އަހައިފިއްޔާ ޒީ ރުޅިއަންނާނަންތަ، އެހެން މިބުނީ ކުރަން އުޅޭ ސުވާލަކީ އޯކްވޯޑް ސުވާލެއްހެން ހީވާތީ” ރާކިޒު އަހާލިއެވެ.

“ކުރީމަތާ އެނގޭނީ” ޒީވާ ލުއިހިނިތުންވުމެއް ބަދަލުކޮށްލިއެވެ.

“ޒީގެ މަންމައާ އެއްގޮތަކަށް ވެސް ޒީ ވައްތަރެއްނޫން، އަނެއްކާ ތިގޭ އެހެންކުދިންނާ ވެސް ޒީ ވައްތަރެއްނޫން، ޒީ ތިހުންނަނީ ޒީގެ ބައްޕަ ހުންނަ ގޮތައްތަ؟” ރާކިޒު ބުނިއެއްޗަކުން ޒީވާ ހައިރާންވިއެވެ. މީގެ ކުރިން އެކަކުވެސް އެކަހަލަ ކަމެއް ފާހަގައެއްނުކުރެއެވެ. ރާކިޒަށް ދޭނެ ޖަވާބަކާއިމެދު އޭނާ ވިސްނާލަން ވަގުތުކޮޅެއް ނެގިއެވެ. ދޮގެއް ހަދާކަށް ބޭނުމެއްނޫނެވެ. އަނެއްކޮޅުން ތެދަށް ހުރިހާ ވާހަކައެއް ކިޔައިދޭކަށް ވެސް ބޭނުމެއްނޫނެވެ. ލަބީބަކީ އޭނާގެ ބައްޕައެވެ. ވީއިރު ޒީވާގެ ބައްޕައާ ވައްތަރުގޮތެއް ޒީވާގެ ނުހުރެއެއް ނުދާނެކަން ޒީވާއަށް އެނގެއެވެ.

“އާން! އަހަރެން ވައްތަރީ ބައްޕައާ” ޒީވާ ބުނެލިއެވެ.

“ކުރިން އަހަންނަށް ޒީ ނުފެންނަނީ ކީއްވެތަ؟ ދީމް ވަރަށް ގިނައިން ފެނޭ، ޒީ މަންމަ އާއި ދޮންތަ ވެސް ފެނޭ… ކުރިން މާލެއަކު ނޫންދޯ އުޅުނީ، އެހެންވެތަ ނުފެންނަނީ” ރާކިޒު ބޭނުންވީ ޒީވާ ވަރަށް ގާތުން ދެނެގަންނާށެވެ. ޒީވާއާ މިނިވަންކަމާއެކު ވާހަކަދައްކާލަން މިފަދަ ފުރުޞަތެއްދެން ނުލިބިދާނޭތީއެވެ.

“ކުރިން އުޅުނީ ބޮޑުދައިތަމެންގޭގައި، ރާކިޒު ހާދަހާ ސުވާލެކޭ ތިކުރަނީ، އަނެއްކާ އަހަރެންގެ ފޮޓޯއާއެކު އިންޓަރވިއުއެއް ވެސް ގެންނެސްދޭންތަ ތިއުޅެނީ” ސަމާސާ ގޮތަކަށް ޒީވާ ބުނެލިއެވެ. އޭނާ ބޭނުންވީ ރާކިޒުގެ ސުވާލުތައް ހުއްޓުމަކަށް ގެންނާށެވެ.

އިރުއޮއްސެމުންދިޔަ އިރު ވަށައިގެން ވައިވަންނަގޮތަށް ހަދާފައި ހުރި ރެސްޓޯރެންޓުގެ މޭޒެއްގެ ދޮށުގައި ޒީވާ، ރާކިޒާއެކު ކޮފީއެއް ބޯންއިނެވެ. ދެމީހުންގެ މެދުގައި ދުރުކަމެއްވާކަން މީހުންނަށް އެނގޭނީ އެ މޭޒުގެ ދޮށުގައި އައިސް އިށީނދެލީމައެވެ. ދުރުން ބަލާނަމަ އެއީ ލަދުވެތިކަމާއި ހީނ ސަމާސާތަކުން އުފާ ލިބިގަންނަމުންދާ ލޯބީގެ ޖޯޑެކެވެ. ލޯތަކަށް ކެހިދޭ ފަދަ ގުޅުމެކެވެ.

“ހާދަ މަދުންނޭ ޒީ ވާހަކަދައްކަނީ، އަހަރެން މިހާރު އަނގަވާޅުވެއްޖެ ޒީއާ ވާހަކަދައްކާ” ރާކިޒު ކޮފީތަށިން އެދި ފޮދެއް ބޯލާފައި ބުނެލިއެވެ.

“އެހާ ގިނައިން ވާހަކަދައްކާކަށް ނުވާނެ، އޭރުން ސިއްރެއް ނުހިފެއްޓޭނެ” ރާކިޒު ދީވާނާ ވާފަދަ އަސަރުގަދަ ހިނިތުންވުމެއް ދެމުން ޒީވާ ބުނެލިއެވެ.

“އެހެންވީރު ޒީ ވަރަށް ގިނަ ކަންކަން ސިއްރުކުރާނެތާ ދޯ” ހީނލާފައި ރާކިޒު ބުންޏެވެ. އެއާއެކު ޒީވާ ވެސް ލޯބި ގޮތަކަށް ހީނލިއެވެ.

“ބޮސް… ނަޖުމް އާއި އަކޫ އަތުވެއްޖެ، މިހާރު ރޫމަށް ގޮސްވީ” ރާކިޒުމެން ތިބި މޭޒުގެ ދޮށަށް ހަލުވިކޮށް އައިސް ހުއްޓުނު ނިޔާޒު ބުންޏެވެ.

“އަހަރެން ހީކުރީ މިރޭ އަށެއްޖަހާލާކަން ހާއިރުކަމަށް އެމީހުންނަށް އާދެވޭނީ، ތޭންކްސް ނިޔާ، އަހަރެން ފަހުން ނަޖުމްއަށް ގުޅާލާނަން، މިރޭ ކެއުމުގައި އެންމެން ބައިވެރިވާނެއެއްނު، އެކަމަކު ނިޔާ މިހާރު ގޮސް އެންމެނަށް މާދަމާގެ ޝެޑިއުލް ކަރުދާސް ބަހާލަދީ، އޭރުން މިރޭ އެންމެން ބައްދަލުވާއިރު އިތުރު ބަދަލެއް ގެންނަން ޖެހުނަސް އެކަމާ ވާހަކަދެއްކޭނީ” ރާކިޒު ބުންޏެވެ. ނިޔާޒު ދިއުމުން ރާކިޒުގެ ސީރިއަސް ގޮތް ކެނޑުނެވެ.

“އަކޫ އެއީ ނަޖުމްއާއެކު އަންނަން ބުނި އައުކުއްޖާތަ” ޒީވާ އަހާލިއެވެ. އެއާއެކު ރާކިޒު ބޯޖާހަލިއެވެ.

“އާން! ވަރަށް ތަފާތު ޒުވާނެއް… ޒީ ގޮތަށް” ރާކިޒު މިހެން ބުނެލަމުން ހީނލިއެވެ.

“އެހެންތަ!” ޒީވާ ކުޑަކޮށް ހިނިތުންވެލިއެވެ.

“ޒީ… ދިރިއުޅުމާމެދު ކިހިނެއް ވިސްނަނީ” ހިނިތުންވެލައިގެން އިރުކޮޅަކު އިނުމަށްފަހު ރާކިޒު އަހާލިއެވެ.

“ދިރިއުޅުމާމެދު ކިހިނެއް ވިސްނަންވީ” ރާކިޒު އެނގެން ބޭނުންވަނީ ކޮންކަމެއްބާއޭ ހިތަށް އަރާފައި ޒީވާ އިނެވެ.

“މީހަކާ އިނދެ… ކުދިން ހޯދާ… އެއީ ވެސް ދިރިއުޅުމުގެ އެއްބައެއްނު، އެކަންތައްތަކާއި މެދު ޒީ އެއްވެސް ވަރަކަށް ވިސްނަންތަ” ރާކިޒުގެ އަޑުގައި ކޮންމެވެސް ވަރެއްގެ ޖެހިލުންވުމެއް ހުއްޓެވެ.

“އެންމެން ވެސް ތިބުނާ ފަދަ ކަންކަމާ ވިސްނާނެ ދޯ، ރާކިޒު ކީއްވެތަ ކުއްލިއަކަށް ދިރިއުޅުމުގެ ވާހަކަ ތިފެށީ، އަނެއްކާ މީހަކާ އިންނަންތަ ތިއުޅެނީ” ޒީވާއަށް ރާކިޒުގެ އަމާޒަކީ ކޮބައިކަން އެނގޭއިރު ވެސް ނޭނގޭކަމަށް ހެދުނެވެ.

“ހެ ހެ ހެ… އަހަރެން… އަހަންނަށް މިހާރު ވަރަށް ވިސްނޭ އެކަމާ، ވަރަށް ބޭނުން މީހަކާ އިންނަން، ކަމުދާ ކުއްޖަކު ވެސް އެބަހުރި، އެކަމަކު އޭނައަށް އަހަރެން ކަމުދާ ހެނެއް ހިޔެއްނުވޭ” ރާކިޒު މިހެން ބުނީ ޒީވާއަށް ނަޒަރު އަމާޒުކޮށްގެން އިނދެއެވެ.

“ކީއްވެ އެއްޗެއް ނުބުނީ” ޒީވާ އިސްޖަހަލައިގެން އިންނަން ފެށުމުން ރާކިޒު އަހާލިއެވެ. ހަޤީޤަތުގައި ރާކިޒު އެދައްކަނީ ކާކުގެ ވާހަކަކަން ޒީވާއަށް އެނގެއެވެ. ރާކިޒުގެ ފަރާތުން އޭނާގެ ހިތުގައި ޒީވާއަށް ޚާއްޞަކަމެއް ދެވިފައިވާކަމުގެ ސިގްނަލްތައް ދޭތާ ދުވަސްތަކެއް ވެއްޖެއެވެ. ލޯބިވާ މީހަކުގެ ފަރާތުން ފެންނާނޭ އެތައްކަމެއް މިފަހަކަށް އައިސް ރާކިޒުގެ ފަރާތުން ޒީވާއަށް ފެނެއެވެ. އެހެންނަމަވެސް އޭނާ އެހުރިހާ ކަމެއް ނުފެންނަ ކަމަށް ހެދިގެން އުޅެނީއެވެ. އެހިތުގައި އަހަރުތަކެއް ކުރިން ކަފުންކުރަން ޖެހުނު ލޯބީގެ ހިތި އިހުސާސްތަކުގެ އަސަރު އަދިވެސް އެހިތުން ފިލައިގެން ނުދާކަހަލައެވެ. ހަޔާތަށް އިތުރު ބައިވެރިއަކު ގެންނަން ބޭނުންނުވަނީ ލޯބީގައި ކުރެވުނު ހިތިތަޖުރިބާގެ ސަބަބުންކަމަށް ވެސް ވެދާނެއެވެ.

“ތިކަމުގައި ޚިޔާލެއްދޭން އަހަންނަށް ނޭނގޭތީ އެއްޗެއް ނުބުނީ” ޒީވާ މަޑުމަޑުން ބުނެލިއެވެ.

“ޒީ އުޅެނީ ކުއްޖަކާ ރައްޓެހިވެގެންނެއް ނޫންތަ؟” ރާކިޒަށް ހީވާ ހީވުން ޔަޤިންކުރަން އޭނާ ބޭނުންވިއެވެ.

“އަހަރެން އަދި އެކަހަލަ ކަމަކާ ނުވިސްނަން، ދެން ހިނގާ ދަމާ ދޯ… ދީމްއަށް ވެސް ނުގުޅާ މިއުޅެނީ، އޭނާ ބުނި މިކޮޅަށް އާދެވުނީމަ ގުޅައްޗޭ” ޒީވާގެ ވާހަކަ ބަދަލުކޮށްލަމުން އެތަނުން ދިއުމަށް އޭނާ އަވަސްވެގަތެވެ.

“އަހަރެން ޒީގެ ރޫމާ ހަމައަށް ދިޔަޔަސް އެންމެ ރަނގަޅުތަ؟” ރާކިޒަށް ވެސް ޒީވާ ހުއްޓުވާކަށް ނުކެރުނެވެ. އެހެންވެ ޒީވާ އާއިއެކު ތެދުވެ އޭނާ ހުންނަން ހަމަޖެހިފައި ހުރި ކޮޓަރިއާ ދިމާލަށް ދެމީހުން ހިނގައިގަތެވެ. ޒީވާ އަނގައިން ނުބުނެ އިސްޖަހާލައިގެން ހުރެ ކޮޓަރިއާ ދިމާލަށް އައިނަމަވެސް ރާކިޒުގެ ނަޒަރު ހުރީ ޒީވާއަށް ހުއްޓިފައެވެ. އޭނާގެ ހިތުގައި އެތައް ސުވާލެއް އުފެދިފައި ވެއެވެ. ޒީވާއަށް ލޯބި ހުށަހަޅަން ކިތަންމެ ފަހަރަކު ރާކިޒުގެ ހިތަށް އަރައެވެ. އެކަމަކު ޒީވާގެ މިޒާޖުގެ ތަފާތުކަމުން އެކަން ކުރަން އޭނާ ޖެހިލުންވަނީއެވެ.

“ދަނީ…” ކޮޓަރި ދޮރުމަތީ މަޑުކޮށްލަމުން ޒީވާ، ރާކިޒަށް ބަލާލާފައި ބުނެލިއެވެ. ލުއި ހިނިތުންވުމަކާއިއެކު ބޯޖަހާލަމުން ރާކިޒަށް ހުރި ފިޔަވަޅު މަތީ މަޑުކޮށްލައިގެން ހުރެވުނެވެ. ނަމަވެސް ޒީވާ އަވަސް އަވަހަށް ކޮޓަރިއަށް ވަދެ ދޮރުލައްޕާލިއެވެ. ރާކިޒު އައިސް ދޮރުގައި އަތްޖައްސާލީ ޒީވާއާ ދުރަށް ހިނދުކޮޅަކަށް ވެސް ދާން އޭނާ ބޭނުންނުވާ ކަހަލަ ގޮތަކަށެވެ.

“ޝީޒް ޓޯޓަލީ އިގްނޯރިންގ މީ… ބަޓް ވައި…” ދޮރާ ދިމާލަށް ބަލަހައްޓައިގެން ހުރެ ރާކިޒު ބުނެލިއެވެ. އެއަޑު ކޮޓަރިތެރެއިން ދޮރުފަތުގައި ލެނގިލައިގެން ހުރި ޒީވާއަށް އިވުނެވެ. އިތުރަށް ރާކިޒުގެ ހިތުގައިވަނީ ކީކޭކަން ޒީވާއަށް ޔަޤީން ކުރެވުނެވެ.

ރޭގަނޑުގެ ކެއުމުގައި ބައިވެރިވުމަށް ރެސްޓޯރެންޓުގައި ހުރި ދިގުމޭޒެއްގެ ދޮށަށް އެންމެން ޖަމާވަމުން ދިޔައެވެ. އެންމެންގެ ނަޒަރު ހުއްޓުނީ ރާކިޒާއިއެކު އައިސް މޭޒު ދޮށުގައި އިށީން ޒީވާއަށެވެ. މަޑުމަޑު ރީނދު ކުލައިގެ މާޖެހި ދިގު މެކްސީގައި ޒީވާ ފެންނަލެއް ރީތިކަމުންނެވެ. އަދި ރާކިޒުގެ ގާތުގައި އޭނާ ހުންނައިރު އެކަކު އަނެކަކާ ގުޅޭކަން ފާހަގަކުރިފައެވެ. ނަމަވެސް އެކަކަށް ވެސް ޒީވާއަކީ ރާކިޒުގެ ކާކުތޯ އަހާލާކަށް ނުކެރުނެވެ. ރާކިޒާއި އެމީހުންނާއި އޮންނަނީ އެހާ ގާތް ގުޅުމެއްނޫނެވެ. މަސައްކަތުގެ ދާއިރާގެ ގޮތުން އޭނާއަކީ ހަމައެކަނި އެމީހުންގެ ވެރިޔާއެވެ. އެހެންވެ ޒާތީ ވާހަކަތަކަށް އެގުޅުން ފުރުޞަތެއް ނުދެއެވެ. ރާކިޒު އައުމުން އެންމެން ކެއުމަށް އިންސާފު ކުރަން ފެށިއެވެ.

“ނަޖުމް… ކޮބާ އަކޫ؟” ރާކިޒު އަހާލިއެވެ.

“އޭނާ އޮތީ ނިދާފައި، ހީވަނީ ވަރަށް ވަރުބަލިވެފައި ހުރިހެން، ޝެޑިއުލް ބެލި، އެއާމެދު އެއްވެސް އެއްޗެއް ނުބުނޭ” ނަޖުމް ބުނެލިއެވެ.

“މޫސުން ދައްކަނީ ވަރަށް ބަނަކޮށް، އައުޓް ޑޯ ޝޫޓިން ކުރިއަށް ގެންދެވޭނެބާއޭ ހިތަށް މިއަރަނީ” ނިޔާޒު ޚިޔާލު ފާޅުކުރިއެވެ. ރާކިޒު އޭނާއަށް ޖަވާބު ދިނެވެ. އަދި މޭޒު ދޮށުގައި ތިބި އެންމެންނަށް އެކިއެކި އިރުޝާދުތައް ދެމުންދިޔައެވެ. ނަމަވެސް ޒީވާ އިނީ ހާސްވާގޮތްވެފައެވެ. ގިނަ ބައެއްގެ ތެރޭ ކުރިން ނުކުރާ ކަމެއް ކުރަން އުޅޭތީވެއެވެ. އަދިވެސް އަމިއްލަ ނަފުސާއި ސުވާލު ކުރެވެނީ ޒީވާއަށް އެކްޓު ކުރެވިދާނެކަމާއިމެދުއެވެ. އެމީހުން ބޭނުންވާހާ ވައްތަރުތައް އޭނާ ޖެއްސިދާނެކަމާއިމެދުއެވެ.

“ޒީ… މަޑުކޮށްލެވިދާނެތަ؟” ކައިނިމިގެން އެންމެން ވެސް އެމީހެއްގެ އަމިއްލަ ކަމާއިގެން މަސްއޫލުވާން ފެށުމުން ޒީވާ ވެސް ތެދުވީ އޭނާގެ ކޮޓަރިއަށް އެނބުރި ދާށެވެ. ރާކިޒާއިއެކު އެކަނިވާން ބޭނުންނުވާތީއެވެ.

“މާދަމާ ވަރަށް ބުރަ ދުވަހަކަށް ވާނީ، ތައްޔާރުވެލަން ބޭނުން، ވަރަށް އަވަހަށް އަހަރެން ނިދަން” ޒީވާ ބަހަނާ ދެއްކިއެވެ.

“އެހާ ގިނައިރެއްނުވާނެ، އެބަހުރި ޒީއާ ކިޔައިދޭންޖެހޭ ބައެއްކަންކަން” އަމިއްލަ ވާހަކަތަކަށް ޒީވާ ވަގުތު ނުދޭނެކަން އެނގުމުން ރާކިޒު ބޭނުންވީ މަސައްކަތުގެ ބަހަނާގައި ޒީވާ މަޑުކުރުވުމަށެވެ.

“މިތަނުން ބޭރަށް ނިކުމެލަންވީނު” ރާކިޒު މިހެން ބުނެ ތެދުވެގެން ހިނގައިގަތީ ޒީވާއަށް އޭނާގެ ފަހަތުން އަންނަން މަޖުބޫރުކުރުވަމުންނެވެ. އަތިރިމަތީ ހިނގަމުން އައިސް ބީޗު ގޮނޑިތަކުން ގޮނޑިއެއްގައި ރާކިޒު އިށީނެވެ. ޖެހިގެން ހުރި ގޮނޑީގައި ޒީވާ އިށީނުމުން ރާކިޒު އެނބުރިލީ ޒީވާއާ ކުރިމަތިވާ ގޮތަށެވެ. އަދި ޒީވާއަށް ސަމާލުކަން ދޭން ޖެހޭނޭ ކަންކަން ކިޔައިދޭން ފެށިއެވެ. އަމިއްލައަށް ގެންނާނެ ހަރަކާތްތަކައި ޒީވާގެ ކަންކަން ބަލާނީ ކޮންބައެއްކަން ވެސް ރާކިޒު ބުނެދިނެވެ.

“މިހުރިހާ ވާހަކަ ދެއްކި އިރު އަދި އެއްވާހަކަ ބުނަން ހަނދާންނެތުނީ، ތި ހެދުމުގައި ޒީ ހުންނައިރު ވަރަށް ރީތި، އަދި ހަނާމެން ޒީގެ މޭކަޕްކޮށްލީމަ ވަކިން ރީތިވާނެކަން އަހަންނަށް އެނގޭ” ޒީވާ މިރޭ ފެނުނީއްސުރެން ރާކިޒު ހުރީ އެހެން ބުނެލާހިތުންނެވެ.

“ތެންކިއު، އިތުރު ކަމެއް ނެތިއްޔާ ހިނގާ ދަމާ، ވަރަށް ފިނިވޭ އެބަ، ރޯގާ ޖެހިއްޖެއްޔާ ކަމަކު ނުދާނެ އެއްނު ދޯ” ޒީވާ މިހެން ބުނެ ތެދުވިއެވެ. ރާކިޒު ދާން ބޭނުންނުވެފައި އިނދެ ތެދުވިއެވެ. އޭނާގެ މޫނު އެވަގުތު ޒީވާއަށް ފެނުނުނަމަ ފާޅުވެގެން ދިޔަ ފޫހިކަން ނުފެނިއެއް ނުދާނެއެވެ. ނަމަވެސް ޒީވާ ހުރީ ރާކިޒަށް ފުރަގަސް ދީގެންނެވެ. އެއްވެސް ވަރަކަށް ޒީވާ، ރާކިޒުގެ ހަރަކާތްތަކަށް އިޖާބަ ނުދޭތީވެ އޭނާ މާޔޫސްވާގޮތްވިއެވެ. ޒީވާގެ ފަހަތުން އައިސް އޭނާގެ އަތުގައި ހިފަން ރާކިޒު ބޭނުންވިއެވެ. އަދި ފިނިވެފައި ހުރި ޒީވާގެ ހަށިގަނޑު އޭނާގެ ލޯބިން ހޫނުކޮށްލަދޭން ބޭނުންވިއެވެ. މަޑުމަޑުން އައިސް ޒީވާގެ ފަހަތުން އޭނާއާ ގާތްވެލާއިރަށް ޒީވާ ކުރިއަށް ހިނގައިގަނެއްޖެއެވެ. ބޮލުގައި އަތްހާކާލުމާއިއެކު ރާކިޒު ހިނގައިގަތީއެވެ. ކޮންމެ ފަހަރަކު އޭނާގެ ހަރަކާތްތަކަށް ޒީވާ ސަމާލުވެ ހުންނަ ކަހަލައެވެ. ހުޝިޔާރުކަމާއިއެކު އަބަދުވެސް ރެކިގަންނަން ތައްޔާރަށެވެ.

ރޭގަނޑުގެ ބާކީ އޮތްބައި ޒީވާއަށް ނިދޭގޮތެއްނުވިއެވެ. އެނދުގައި ދެއަތަށް ފުރޮޅި ފުރޮޅި އޮތީއެވެ. އޭނާ ބިރުގަންނަނީއެވެ. ނިދޭއިރަށް މީހަކު ކޮޓަރީގެ ދޮރު ހުޅުވާފާނެއޭ ހިތަށްއަރަނީއެވެ. ރިސޯޓަށް އެރީސުރެން ރާކިޒު ވެސް އުޅެނީ އެހެންޏާ ނޫޅޭހާ ގާތްކޮށެވެ. ތިން ދުވަސް ވަރަކަށް ރިސޯޓުގައި ހުންނަން ޖެހޭއިރު ރާކިޒާ ކުރިމަތި ނުލާ އުޅުމަކީ ނުވާނެ ކަމެއްކަން ޒީވާއަށް އެނގެއެވެ.

“ރާކިޒު ގަސްތުގައި އަހަރެން މިތަނަށް ގެނައީބާ؟ އޭނަ އަހަންނަށް ކަމެއް ކުރަން ބޭނުންވަނީތަ؟” ބިރުވެރި ޚިޔާލުތަކުން ޒީވާގެ ސިކުނޑި ފުރެމުންދިޔައެވެ. ކުރިއަށްވުރެ ބޮޑަށް ރަޖާދަށަށް އޭނާ ޖެހިލިއެވެ. އަދި ދޮރާ ދިމާލަށް ބަލަހައްޓައިގެން އޮތެވެ.

ފަތިހު ފަތިސް ނަމާދުކޮށްލައިގެން ޒީވާ އެނދުގައި އޮށޯވެލުމުން ކުޑަކުޑަ ވަގުތު ކޮޅަކަށް އޭނާއަށް ނިދާލެވުނެވެ. ހޭލެވުނު އިރު އިރުއަރައިފިއެވެ. ފުން މައިގެން ތެދުވިގޮތަށް ޒީވާ ކުޑަދޮރުގެ ފަރުދާ އެއްފަރާތްކޮށްލަމުން ބޭރު ބަލާލިއެވެ. ބަނަކޮށް ފެނުނު މޫސުން މިހާރު މުޅިން ބަދަލުވެއްޖެއެވެ. މުޅި ހިސާބަށް ކޮކާއަވި އެޅިފައި އޮތެވެ. ހެދުން ބަދަލުކޮށްލައިގެން ޒީވާ ނިކުތީ ކޮފީ ތަށްޓެއް ހިފައިގެންނެވެ. ކައިރި ހިސާބެއްގައި މީހަކު ފެންނަން ނެތުމުން އިތުރަށް ޒީވާ ހިތްހަމަޖެހުނެވެ. މަޑުމަޑުން އައިސް ކޮޓަރީގެ ބޭރުގައި ހުރި ގޮނޑިއަށް ދެފައި އަރުވާލަމުން ހަމަޖެހިލިއެވެ. މީގެ ކުރިން އެފަދަ މާހައުލެއްގައި އެކަނި އިނދެލުމުގެ ފުރުޞަތު ލިބިފައިނުވާ ޒީވާއަށް ގުދުރަތުގެ ހިތްގައިމުކަން އިހްސާސްކޮށްލުމުގެ ފުރުޞަތުލިބިއްޖެއެވެ. މަޑުމަޑުން ކޮފީ ތަށިން އެތި ފޮދެއް ބޮމުން ދިޔަ ޒީވާ ކުއްލިއަކަށް ސިހުނެވެ. އެއާއެކު ބޯން އިން ކޮފީތަށިން ބައެއް އޭނާގެ ގަޔަށް ބަންޑުން ވެއްޖެއެވެ. ނަމަވެސް އެކަމަށް ފަރުވާލެއްނެތެވެ. ގޮނޑިން ތެދުވިގޮތަށް ފައިވާނަށް ނާރާ ހަލުވިކޮށް އޭނާ ހިނގައިގަތީ ތޮތްޕެއް އަޅައިގެން ހުރި ޒުވާނާ ހޯދުމަށެވެ.

“އަކްމަލް…. އެއީ އަކްމަލްތަ؟” ޒީވާއަށް އެމީހަކު ވަންތަނެއް ނުފެނުމުން ހިތާ ހިތުން ބުނެލެވުނެވެ. ޖެހިޖެހިގެން ކޮޓަރިތައް ހުރިއިރު އެތަނުން ކޮންމެ ކޮޓަރިއަކަށް ވެސް އެމީހަކު ވަދެދާނެއެވެ. އެހެންނަމަވެސް ޒީވާއަށް ފެނުނީ އެ ޒުވާނާގެ މޫނުގެ އެއްފަރާތެވެ. އެހެންނަމަވެސް ޒީވާއަށް ހީވީ އޭނާއަށް އަކްމަލް ފެނުނު ހެންނެވެ. ހާސްވެފައި ވަށައިގެން ހޯދަނިކޮށް ރާކިޒު އޭނައަށް ގޮވާލި އަޑުއިވުނެވެ.

“ޒީ… ކިހިނެއްވެފައި ތިހިރީ، ކާކު ހޯދަނީ، ހެދުމުށް ކޯނޗެއް އެޅިފައި ތިހިރީ” ޒީވާ އެނބުރިލި ތަނާ ކުރިމަތިން ހެދުމުގެ ބައެއް ތަމިފައި ހުރުމުން ރާކިޒު ހައިރާންވިއެވެ. އަދި ޒީވާއަށް ވާގޮތެއް އޮޅުން ފިލުވަން އޭނާ އަވަސްވެގަތެވެ.

“ކަމެއްނުވޭ” ގަބުވެފައި ހުރި މީހަކު ފަދައިން ޒީވާ ވިސްނުމުގެ ތެރެއަށް ގެއްލިހުރެ އައިސް އޭނާގެ ކޮޓަރިއަށް ވަނެވެ. ރާކިޒު އޭނާގެ ފަހަތުން އެ ކޮޓަރިއަށް ވަންކަމެއް ޒީވާ ނުދެނަހުއްޓެވެ. ދެވަނަ ފަހަރަށް ޒީވާ ސިހުނީ ރީތިވާ މޭޒުމަތީ ކޮފީތަށި ބަހައްޓަނިކޮށް ލޯގަނޑުން އެނދުގައި އިށީނދެ އިން ރާކިޒު ފެނިފައެވެ.

“ރާކިޒު” ކުއްލިއަކަށް އެނބުރިލި ޒީވާ ބުނެލިއެވެ.

“ޔެސް” ވަރަށް އަވަހަށް ރާކިޒު ބުނެލިއެވެ.

“ސައިބޯން ދަމާ، ސައިބޮއެގެން މަސައްކަތް ފަށަންވީ، ޒީ ގެ ޚަބަރެއް ނުވެގެން މިއައީ ވެސް” ޒީވާއަށް ކަމެއްވެއްޖެކަން ރާކިޒަށް އެނގުނެވެ. އެހެންވިޔަސް ޒީވާ ނުބުނާނެކަން ވެސް އޭނާއަށް އެނގެއެވެ. އިތުރަށް އާދޭސްކުރުމުގެ ބޭނުމެއް އޮތްކަމަކަށް ރާކިޒު ނުދެކުނެވެ. ޒީވާ ވެސް އިތުރު ވާހަކައެއް ނުދެއްކިއެވެ. ފާޚާނާއަށް ވަދެ ތާޒާވެލައިގެން ނިކުމެ ރާކިޒާއިއެކު ސައިބޯން ދިޔައެވެ.

“އެއީ ކޮންމެ މީހަކަށް ވެސް ވެދާނެ، އެވާނީ އަހަންނަށް ހީވިގޮތެއްކަމަށް، އަކްމަލްއާ މެދު ވިސްނަންޏާ އެއްވެސް ކަމެއް ރަނގަޅަކަށް ނުކުރެވޭނެ، އޭރުން ރާކިޒު ވެސް ސުވާލު ކުރަންފަށާނެ” ސައިބޯން މޭޒު ދޮށުގައި އިނދެ ޒީވާ ވިސްނިއެވެ. ރާކިޒު އެއްގޮތަކަށް ވެސް ޒީވާއާ ވާހަކައެއް ނުދައްކައެވެ. އޭނާ ފޯނުން ކަންކަން ނިންމަމުން ދިޔައެވެ.

“މިއައީ ހުރިހާ ކަމެއް ތައްޔާރުކޮށްފައި، އެކޮޅަށް ދާންވީނު” ޒީވާ ސައިބޮއެ ނިމިގެން ރާކިޒަށް ބަލާލި ވަގުތު ނިޔާޒު އައިސް އެމީހުންގެ ގާތުގައި ބުނެލިއެވެ. ރާކިޒު ބޯޖަހާލަމުން ޒީވާއަށް އިޝާރާތްކޮށްލީ އޭނާ އާއިއެކު އައުމަށެވެ.

ޝޫޓު ކުރަން ހަމަޖެހިފައި އޮތް ސަރަޙައްދަށް ރާކިޒާއިއެކު ޒީވާ އައެވެ. އެވަގުތަށް ކޮޓަރިއަށް ހަމަޖައްސާ އެތަނުގެތެރޭ ހުރިހާ ސާމާނެއް ބަހައްޓާފައި ހުއްޓެވެ. ޒީވާ އާއިއެކު މޭކަޕް ކުރާ ކުދިންތައް ކޮޓަރިއަށް ވަނެވެ. ޒީވާ ލުމަށް ހަމަޖެހިފައި އޮތް ހެދުން ލައިގެން އޭނާ އައިސް ރީތިވާ މޭޒު ކައިރީ އިށީނުމާއިއެކު ހަނާ އާއި އޭނާއަށް އެހީތެރިވުމުގައި އުޅޭ ޝައުފާ އެމީހުންގެ ހުނަރު ދައްކާލިއެވެ. ކޮޓަރި ތެރެއިން ޒީވާ ނިކުމެގެން އައިއިރު އެންމެންގެ ދޫތަކުން ޒީވާގެ ރީތިކަމަށް ތަޢުރީފުކުރިއެވެ. ޚާއްޞަކޮށް ރާކިޒުގެ ލޯ ޒީވާއަށް އަމާޒުވިގޮތަށް ބަސްހުއްޓުނެވެ.

“އޯކޭ ރެޑީ… ކޮބާ ޕްރޮޑަކްޓް، ނިޔާ…” ނަޖުމް ގޮވާލިއެވެ. ޒީވާ ބޯޖަހާލަމުން އޭނާ ކުރަންވީ ކޮންކަމެއްކަން ދެނެގަތެވެ. ހެދުމުގެ ތިރީބައިގައި ގުޅާފައި ހުރި ތުނި ފޮތިތައް ވަޔާއި ވިހުރެމުންދިޔައިރު ދީފައިވާ އަވިން ސަލާމާތްވުމަށް ޒީވާގެ ބޮލުގައި ބޮޑު ތޮތްޕެއް އަޅާލާފައި ހުއްޓެވެ. އޭގައި އައްސާފައި އޮތް ދިގު ރިބަންތައް އެއްފަރާތުން އެލިފައި އޮތްއިރު ވަޔާއިއެކު ކުދި ގޯނާ ޒީވާގެ ދޮން މޫނާ ކުރަމުންދިޔަ މަންޒަރު ނުހަނު ހިތްގައިމެވެ. އެހެންނަމަވެސް ނަޖުމް ގާތުގައި ކެމެރާ ހިފައިގެން އައިސް ހުއްޓިލި ޒުވާނާ ފެނުމުން ހުރިހާ ކަމެއް ބަދަލުވެގެން ދިޔައެވެ. ޒީވާގެ މޫނުމަތީގެ ކުލަވަރު ބަދަލުވެގެން ދިޔައިރު ހަރަކާތްތަކަށް ހުއްޓުން އެރިއެވެ. ހަމައެގޮތަށް ޒީވާއަށް ކެމެރާގެ ލެންސު އަމާޒުކޮށްލި ޒުވާނާ ވެސް ހުރީ ސިހުމެއް ލިބިފައި ހުރިހެންނެވެ. އެވަގުތު އަނެއްކާ ވެސް ނަޖުމް، ޒީވާއަށް ގޮވާލި އަޑުއިވުނެވެ.

“ޒީ… ތޮފީގައި އެއްއަތުން ހިފަހައްޓައިލައިގެން ހުރެ ކުރިއަށް އާދޭ” ނަޖުމް ބުނެލިއެވެ. ނަމަވެސް އެއަޑު ޒީވާއަށް ނީވޭ ކަހަލައެވެ.

“އަކްމަލް…” ލޮލާ އަމާޒުކޮށްލެވިފައި އޮތް ކެމެރާ ތިރިކޮށްލިތަން ފެނި ވައިއަޑުން ޒީވާއަށް ބުނެލެވުނެވެ. އޭނާގެ ކުރިމަތީ ނަޖުމް އާއި ޖެހިގެން ކެމެރާ ހިފައިގެން އެ ހުރި ޒުވާނާއަކީ އަކްމަލްއެވެ. ޒީވާގެ އަކްމަލްއެވެ. ހަދާނެގޮތެއް ޒީވާއަކަށް ނުވިސްނުނެވެ. އެންމެންނަށް އެކަކު އަނެކަކަށް ބަލާލެވުނީ ޒީވާއަށް ވީގޮތެއް ނޭނގި ހުއްޓުން އަރާފައި ހުންނާތީއެވެ. ރާކިޒު ދޮވެލާފައި އައިސް ޒީވާގެ ގާތުގައި ހުއްޓުނެވެ. އަދި ޒީވާއަށް ދެތިން ފަހަރު ގޮވާލުމާއިއެކު ދެއަތުން ކޯތާފަތުގައި ހިފާ އޭނާއާ ދިމާލަށް އެ މޫނު އުފުލާލިއެވެ.

“ޒީ… އިޓްސް އޯކޭ، ފުރަތަމަ ފަހަރުވީމަ މިކަހަލަ ކަންތައްތައް ދިމާވެދާނެ” ޒީވާގެ ފެންކަޅިވެފައިވާ ދެލޯ ފެނި ރާކިޒު ބުނެލިއެވެ. އޭނާ ހީކުރީ ކެމެރާ ކުރިމައްޗަށް އަރަންޖެހުމުން ޒީވާ މާބޮޑަށް ފިނިވީކަމުގައެވެ. އެހެންވެ ހުއްޓުން އެރީކަމަށެވެ. ރާކިޒު އަތުގެ އިޝާރާތުން ޝޫޓިން ފަސްވަރަކަށް މިނެޓަށް މެދުކަނޑާލަން އެންގިއެވެ.

“ކިހިނެއްވެފަ އަނގަ ހުޅުވުނު ގޮތަށް ލައްޕަން ނޭނގިފައި ތިހުރީ، ރީތި ދޯ… މަށަށް ވެސް ވަރަށް ރީތި، އެކަމަކު ކީއްކުރާނީ، ބޮސްގެ ކަމަކާ އަހަރުމެންނަށް ކައިރިއެއް ނުވެވޭނެ އެއްނު ދޯ” އަކްމަލްގެ މޫނު ކުރިމަތީ އަތްހޫރާލަމުން ނިޔާޒު ބުންޏެވެ. ގަދަކަމުން އަކްމަލް ހިނިތުންވެލަން މަސައްކަތް ކުރަމުން އެހެން މީހުންނާ ދުރަށް ހިނގައިގަތެވެ. އަދި ދުރުގައި ހުރި ރުކެއްގައި ލެނގިލައިގެން ހުރެ ޒީވާ އާއި ރާކިޒުގެ ހަރަކާތްތަކަށް ބަލަމުން ދިޔައެވެ.

“ޒީ… އާން! ޒީއަކީ އަހަރެންގެ ޒީވް، އެއީ ހަމަ ޒީވް… އެއީތަ ޒީވް ރައްޓެހިވެގެން އުޅޭ މީހަކީ، އެންމެން ވެސް ދައްކަނީ ރާކިޒު މާ ރީތި އަންހެން ކުއްޖަކު މިފަހަރު ގެނައި ވާހަކަ، އާން! އަސްލު ވެސް ވަރަށް ރީތި، ދިގުދިގު އިސްތަށިގަނޑާއިއެކު މިހާރު އަދިވަކިން ރީތި… އެކަމަކު… ރާކިޒުގެ މީހަކަށް ޒީވް ވީތަ؟ ދޮންބެ ބުނިހެން، ޒީވް އަހަރެންގެ މަތިން ހަނދާންނައްތާލީތަ؟ އަހަރުމެން ދެމެދުގައި އޮތް ލޯބީގެ މަތިން ޒީވް ހަނދާންނައްތާލީތަ؟ ކިހިނެއް؟ އަހަންނަށް އެކަން ނުކުރެވުނު އިރު ޒީވް އެކަން ކުރީ ކިހިނެއް؟ ރާކިޒު… ރާކިޒު ދެކެތަ ޒީވް ލޯބިވަނީ… އޯ ގޯޑް…” ބޮލުގައި ހިފަހައްޓާލަމުން އަކްމަލް ޒީވާމެންނަށް ފުރަގަސްދިނެވެ. އަދި ރުކުގައި ބޯތަޅައިގަތެވެ.

“އަހަންނަށް މި މަންޒަރު ދައްކަންތަ ރާކިޒު އަހަންނަށް ވަޒީފާ ދިނީ، ސިމާކަށް ވެސް ރާކިޒު ނޫން މީހަކު ނުލިބުނުތަ އަހަންނަށް ވަޒީފާއެއް ދޭން، މިކުޅިގަނޑު ބަލަން މިތަނުގައި ހުރުމަށްވުރެ މަގުމަތީ ސަލާން ޖަހަގައިގެން ރުފިޔާ ހޯދިޔަސް އަހަރެންގެ ހިތަށް މިވާހާ ތަދެއްނުވާނެ” އަކްމަލްގެ ދެކޯތާފަތް ތެމެމުންދިޔައިރު އޭނާގެ މެޔާއިދިމާލުން އަތުގެތެރެއަށް ލައިގެން ހުރި ގަމީސް ބޮޑިވަމުންދިޔައެވެ. އޭނާގެ ހިތަށް ކެތްކުރަން ދަތިވަނީއެވެ. ޒީވާ އެހެން މީހަކާއިއެކު އުޅޭތަން ދެކެން އޭނާއަށް ކެތެއްނުވާނެއެވެ. އެކަމަކު ޒީވާ ބޭނުންވަނީ އެގޮތްކަމުގައި ވަނީމަ އޭނާ އެ ދެމެދަކަށް ނުވަންނާނެއެވެ. އަދި ދޭތެރެޖެހޭނޭ ފަދަ ކަމެއް ވެސް ނުކުރާނެއެވެ.

ބޭއިޚްތިޔާރުގައި ޒީވާއަށް ރާކިޒުގެ މޭގައި މޫނުޖައްސާލެވުނީ ވީ ދެރައިންނެވެ. ރާކިޒު އަވަސް އަވަހަށް ޒީވާ ގެނެސް އޭނާގެ އަތުގެތެރޭ ފޮރުވާލިއެވެ. ކަންބޮޑުވެފައި ޒީވާއާ ސުވާލުކުރަން ފެށިއެވެ. ޒީވާ އެއްގޮތަކަށް ވެސް އަނގައިންނެއް ނުބުންޏެވެ. އޭނާއަށް ހަމަ ރޮވެނީއެވެ. ހުއްޓާލެވޭތޯ މަސައްކަތް ކުރިއެވެ. އެކަމަކު ހިތަށްވާގޮތެއް ދުލުން ބަޔާންކުރަން ފަސޭހައެއްނުވިއެވެ. ބައެއްފަހަރު ނޭވާލާން ވެސް އުނދަގޫވާހެން ހީވެއެވެ. ރާކިޒު އަވަސް އަވަހަށް ޒީވާ ގޮވައިގެން ކޮޓަރި ތެރެއަށް ވަނެވެ. އެނދުގައި ޒީވާ ބޭންދުމަށްފަހު ފެން ފޮދެއް ދެވޭތޯ އުޅުނެވެ. ކަންބޮޑުވެފައި ހަނާ އާއި ޝައުފާ ވެސް އައިސް ޒީވާގެ ބުރަކަށީގައި ފިރުމަންފެށިއެވެ. ރާކިޒު އެމީހުން ގާތު އެދުނީ މިވަގުތު އޭނާ އާއި ޒީވާ އެކަނިވުމަށް ވަގުތު ދިނުމަށެވެ. ހާސްވެފައި ތިބެ އެމީހުން އެ ކޮޓަރިން ނިކުތީއެވެ.

“ޒީ… ޕްލީޒް، އާދޭސް މިކުރަނީ، ނުރޮއެ ވީގޮތެއް ބުނީމައެއްނު އަހަންނަށް އެނގޭނީ ކީއްކަން ކޮށްދޭންވީ، އަހަރެންގެ ހިތަށް ވަރަށް ތަދުވޭ ޒީ ރޯތީ، ޕްލީޒް ދެން ހުއްޓާލާ، ހިތުގައިޖެހިގެން ރޯވަރުގެ ކަމެއް އަދި ނުވެއެއްނު، ޒީ މިކަން ކުރަން ބޭނުންނުވަންޏާ ވެސް ބުނެބަލަ، އޭރުން ވަގުތުން މަސައްކަތް ހުއްޓާލާނަން” ރާކިޒު، އޭނާއާ ޒީވާ ގާތްކޮށްލައިގެން އިނދެ ބުންނެވެ.

އެތައްގޮތަކުން ރާކިޒު ވާހަކަދައްކައިގެން ޒީވާ ރުއިން ހުއްޓާލިއެވެ. މަސައްކަތް ހުއްޓާލާފައި މާލެ ދިއުމުން ރާކިޒަށް ވާނޭ ގެއްލުން ޒީވާ ހިތަށް އެރިއިރު އޭނާއަށް އަކްމަލްގެ ކުރިމަތީގައި ހުރުން ފަސޭހަ ކަމަކަށް ނުވާނޭކަން އެނގެއެވެ. އެހެންވިޔަސް އޭނާގެ ޟަމީރު ވިސްނައިދިނެވެ. ކުރަން އައިކަންތައް ނިންމާފައި ނޫނީ މާލެ ނުދިއުމަށެވެ. އަދި އަކްމަލްދެކެ ޒީވާ ލޯބި ވިޔަސް އަކްމަލް މިހާރު އޭނާ ދެކެ ލޯބިނުވާކަމަށެވެ. އެހެންވީމަ އޭނާ ވެސް ހުންނަން ބޭނުންވަނީ ހިތްހަރު މީހެއްގެ ގޮތުގައެވެ. އަކްމަލް ހީނލާފައި އުޅޭނަމަ ޒީވާ ވެސް ބޭނުންވަނީ ހީނލާފައި އުޅޭށެވެ. ހަޤީޤަތް އެންގުން މުހިންމެއް ނޫނެވެ. ހިތް ކިތަންމެ ވަރަކަށް ރުޔަސް އެކަން ލޮލުން ފާޅު ނުކުރުމަށް ޒީވާ ނިންމިއެވެ. ކުރިންވެސް އޭނާ ވަނީ ނުރޯން އަޒުމް ކަނޑައަޅާފައެވެ. އެކަމަކު އަކްމަލް ފެނުމުން ވަޅުޖެހިފައިވި ޖަޒުބާތުތަކަށް އާރޯކަން ލިބި އުތުރިގަތީ ޒީވާ އެކަމަށް ތައްޔާރުވެސް ނުވެހުއްޓައެވެ. އެހެންވެ ހުރިހާ އިޙްސާސްތަކެއް ކޮންޓްރޯލުން ނެއްޓީއެވެ.

“ނައު އޯކޭ” ޒީވާގެ ލޯ ޓިޝޫ ކޮޅަކުން ފޮހެލަދިން ރާކިޒު އަހާލިއެވެ. ޒީވާ މަޑުމަޑުން ބޯޖަހާލުމުން، ހިނިތުންވެލި ރާކިޒު ޒީވާގެ ނިތްކުރީގައި ބޮސްދިނެވެ. މިފަހަރު ޒީވާ އޭނާގެ އެ ޢަމަލު ނުހުއްޓުވުމުން ރާކިޒަށް އިތުރު ހިތްހަމަޖެހުމެއް ލިބުނެވެ. އޭނާ ތެދުވެ ހަނާއަށް ގޮވިއެވެ. އަދި ޒީވާގެ މޭކަޕް ރަނގަޅު ކުރުމަށްފަހު އޭނާ ނެރުމަށް ބުނެ ރާކިޒު ކޮޓަރިން ބޭރަށް ނިކުތެވެ.

“އައި އެމް ސޮރީ ގައީޒް… ޒީ ވަރަށް އާވާނެ މިކަހަލަ ކަންކަމަށް، އަހަރެން ކުރިން ވެސް ބުނީމެއްނު، އޭނާ ބިރުގަތީހެން ހީވަނީ، އަލުން ފަށަމާ، އެ ނިކުންނަނީ ތައްޔާރުވެގެން” ރާކިޒު އައިސް ހިޔަލުގައި މަޑުކޮށްލައިގެން ތިބި އޭނާގެ ކުރޫގެ ހުރިހާ މެންބަރުން ގާތު ބުނެލިއެވެ. ނަޖުމް އަކްމަލްއަށް ގޮވާލުމާއިއެކު ލައިގެން ހުރި ގަމީހުން މޫނު ފޮހެލުމަށްފަހު އަވި އައިނު ލޮލަށް ހެޔޮވަރު ކޮށްލަމުން އެމީހުންގެ ގާތަށް އައެވެ.

ޝޫޓިންގެ މަސައްކަތްތައް ނިންމާލެވުނު އިރު އަކްމަލް އާއި ޒީވާ އުޅުނީ ދުވަހަކު ވެސް ނުދަންނަ ބީރައްޓެހިން ގޮތަށެވެ. އެކަކު ވެސް އަނެކަކާ ވާހަކައެއް ނުދައްކައެވެ. ޒީވާ އުޅެނީ އަކްމަލްއަށް ފިލައިގެންނެވެ. ނޫނީ އަކްމަލްއާ ވާހަކަދައްކަން ޖެހިދާނޭތީ ރާކިޒުގެ ހިޔަނިހެންނެވެ. ކުއްލިއަކަށް ޒީވާއަށް މިއައި ބަދަލުން އުފާވީ ރާކިޒެވެ. އޭނާ ހީކޮށްގެން ހުރީ ޒީވާ އާއި އެ ދެމެދުގައި އައު ބާބެއް ފެށުމުގެ ކޮޅުމަތި ފެންނަނީ ކަމުގައެވެ. ގިނަ ދުވަހެއް ނުވެ އޭނާގެ ހުށަހެޅުން ޒީވާ ޤަބޫލުކުރާނެ ކަމުގައެވެ.

މާލެ ދިއުމަށް ލޯންޗަށް އަރާ އެންމެން ތިބި އިރު ޒީވާ އާއި އަކްމަލް ވެސް އިނީ ލޮލުގައި އަވި އައުނު އަޅާލައިގެންނެވެ. ދެމީހުން ވެސް ސިއްރުން ބަލަމުން ދިޔައީ އެކަކު އަނެކަކަށެވެ. އެކަން އެ ލޯންޗުގައި ތިބި އެކަކަށް ވެސް ނޭނގެއެވެ. ފަޅަށް ވަން ލޯންޗު އައިސް ތޮށިގަނޑައި ކައިރިކޮށްލުމުން ރާކިޒު ތެދުވެ ފުރަތަމަ ވެސް ޒީވާ ލޯންޗުން ބާލަން އުޅުނެވެ. އަރަން އޮތް ސިޑިއަށްވުރެ ލޯންޗު ތިރިވުމުން ރާކިޒު ބަލަން ނުހުރެ ޒީވާ އުފުލާލާފައި ސިޑިމަތީ ބެހެއްޓިއެވެ. ވަގުތުން އަކްމަލްއަށް އިސްޖަހާލެވުމާއިއެކު ދަތްތަކަށް ބާރުކޮށްލެވުނެވެ.

“އޭތް! ނިޔާ، އަހަރުމެން މިދަނީ އިނގޭ، ކޮމްޕެނީ ވޭން އިރުކޮޅަކުން އަންނާނެ” ރާކިޒު މިހެން ބުނެލުމުން ލޯންޗުގައި ހުރި ނިޔާޒު ބޮޑުވައި އިނގިލި ދިއްކޮށްލަމުން ބޯޖަހާލިއެވެ.

ޕާކިން ޒޯނުގައި އޮތް ކާރު ނެރެގެން އައިސް ޒީވާގެ ކުރިމަތީގައި ކާރުގައި އިން ރާކިޒު މަޑުކޮށްލިއެވެ. އަދި ދޮރުފަތް ހުޅުވާލަ ދިނުމާއިއެކު ޒީވާ ކާރަށް އެރިއެވެ. ހުރިހާ ކަމެއް ދިޔަ ގޮތާއިމެދު ރާކިޒު ހިތްހަމަޖެހުނު ވަރުން އޭނާއަށް އެ ވާހަކަ ދެއްކުން ހުއްޓައެއް ނުލެވުނެވެ. އެތައް ފަހަރަކު ޒީވާއަށް ތަޢުރީފު ކުރިއެވެ. ދެވަނަ ޕްރޮޖެކްޓު ދެދުވަސް ތެރޭ ފަށާގޮތަށް ހަމަޖެހުނު ވާހަކަ ވެސް ރާކިޒު ބުނީ ކާރުގައި އިނދެފައެވެ. ޒީވާ ކަންބޮޑުވިއެވެ. އަނެއްކާ ވެސް އަކްމަލްގެ ކުރިމައްޗަށް އަރަން ޖެހުނީމައެވެ. ގިނަގިނައިން އޭނާގެ ކުރިމައްޗަށް އަރަންޖެހުމަކީ ޒީވާއަށް ކެތްވާނޭ ކަމެއްނޫނެވެ.

ގެއާއި ހަމައަށް އާދެވުނު އިރު ވެސް ޒީވާ އިނީ ހިމޭނުންނެވެ. ކޮންމެހެން ރާކިޒަށް ޖަވާބެއްދޭން ޖެހިގެން ނޫނީ ވާހަކައެއް ނުދައްކައެވެ. ދީމްމެންގޭ ދޮރުމައްޗަށް ރާކިޒުގެ ކާރު މަޑުކޮށްލުމާއިއެކު ޒީވާ ކާރުން ފޭބިއެވެ. ރާކިޒު ވެސް ކާރުން ފައިބާ ޒީވާގެ ފޮށިނަގައިގެން ގެނެސް ގޭގެ ދޮރުމަތީ އޭނާގެ ކައިރީ ބަހައްޓާލަ ދިނެވެ.

“ތޭންކްސް” ޒީވާ މަޑުމަޑުން މިހެން ބުނެލަމުން ފޮށީގެ އަތްގަނޑުގައި ހިފާ ދަމާލާފައި ހުޅުވާލި ދޮރޯށިން ގޭތެރެއަށް ވަނުމަށް އުޅުނެވެ. ހަމައެވަގުތު ރާކިޒު، ޒީވާގެ އަތުގައި ހިފަހައްޓާލަމުން އޭނާ މަޑުކުރުވިއެވެ. ކުއްލިއަކަށް އެ ފަދަ ކަމެއް ކުރުމުގެ ހިތްވަރު ރާކިޒަށް ލިބުނީ ކިހިނެއްކަމެއް ޚުދު އޭނާއަކަށް ވެސް ނޭނގެއެވެ. ހައިރާންވެފައި ރާކިޒަށް ސުވާލުގެ ނަޒަރަކުން ޒީވާ ބަލާލިއެވެ.

“މިރޭ…. މިރޭ އަހަންނާއެކު ޑިނާ ނަގަންވީނު” ޒީވާގެ އަތުގައި ހިފާލައިގެން ހުރެ ރާކިޒު ބުންޏެވެ.

“ރާކިޒު، އައި އެމް ސޮރީ، މިރެއަކު ނޫން ދޯ” ޒީވާ ވަގުތުން ދެކޮޅު ހެދުމުގެ ބަދަލުގައި ރާކިޒު ޤަބޫލުކުރާނޭ ފަދަ ގޮތަކަށް ބުނެލިއެވެ.

“އޯކޭ! ހެނދުނުން ދީމް އާއި ޒީ އަހަންނާއެކު ކާރުގައި އޮފީހަށް ދާންވީނު” އެއްގޮތުން ޒީވާއާ ގާތްކަން ނުބޭއްވުނިއްޔާ އިތުރު ގޮތަކުން ވިޔަސް ޒީވާއާއެކު ވަގުތު ހޭދަކުރެވޭތޯ ރާކިޒު ބުނެލިއެވެ.

“އެއީ ރަނގަޅު ގޮތެއްނޫން، އަހަންނާއި ދީމް ހިނގާލަފައި އޮފީހަށް ހިނގައިދާނަން، އެކަމަކު ވަރަށް ބޮޑަށް ޝުކުރިއްޔާ އިނގޭ، ދެން ދަނީ… އެންމެން ވެސް މިހާރު ތިބޭނެ އަހަރެން ގެއަށް ވަންނާނެ އިރެއްގެ އިންތިޒާރުގައި” ދޮރޯށީ ކައިރިކޮށްލައިގެން ވަންނަން ތައްޔާރުވެ ހުރި ޒީވާ ބުނެލިއެވެ. ތުންފިއްތާލާފަދަ ގޮތެއް ހަދާލަމުން ޒީވާގެ އަތުން ރާކިޒު ދޫކޮށްލާފައި މަޑުމަޑުން ބޯޖަހާލިއެވެ. ގަދަކަމުން ހިނިތުންވެލާފައި ހަލުވިކޮށް ގޭތެރެއަށް ޒީވާ ދެމިގަތެވެ. ދޮރޯށި ލައްޕާލާފައި ފުންނޭވާއެއްލަމުން ދެފަރާތަށް ބޯހޫރާލި ޒީވާ ސިހިގެން ދިޔައީ އޭނާގެ ފުރަގަހުން ދީމްގެ އަޑުއިވުމުންނެވެ.

“ޔޫ އަރ ސޯ ސްޓުޕިޑް ގާލް… އަޅެ ރާކިޒު ކިހާ ލޯބިތަ، އޭނާ ކިހާ ލޯބިންތަ އެ އިންވައިޓު ކުރަނީ، އާނއެކޭ ބުނިނަމަ، މިރޭ ގޭގައި އިނދެ އެއްވެސް ކަމެއް ކުރާނީއެއް ވެސް ނޫންވިއްޔާ” ސިޓިން ރޫމު ދޮރުމަތީ ހުރި ދީމް އުނަގަނޑާ ދިމާލުން ދެއަތްވިއްދާލައިގެން ހުރެ ތަޤުރީރެއް އިއްވާލި ކަހަލައެވެ.

“ދީމްއަކަށް ނޭނގޭނެ އެކައްޗެއް ވެސް” ފޮށި ދަމަމުން އައިސް ސިޓިން ރޫމަށް ވަންނަމުން ޒީވާ ބުންޏެވެ. އަދި ދޮރުމަތީ ހުރި ދީމް އެއްފަރާތްކޮށްލުމަށް އޭނާގެ އަތުގައި ހިފައި ދަމާލިއެވެ.

“ޒީ ތިހެން ބުންޏަސް އަހަރެން ޤަބޫލެއް ނުކުރާނަން، އަހަންނަށް ވެސް ލޯބިވާ މީހުން ފެނުނީމާ ވަކިކުރަން އެނގެޔޭ” ޒީވާގެ ފަހަތުން އައި ދީމް ބުންޏެވެ. ދެމީހުން އެކުގައި އައިސް ޒީވާގެ ކޮޓަރިއަށް ވަނެވެ.

“ވާ! ޒީގެ މޫނަށް ރަނގަޅަށް ބަލާލެވޭވަރުވީ އަދިކިރިޔާ، ކުރީގައި ސިމްޕަލްކޮށް ހުންނަ ޒީއަށް ތިހިރީ ކިހިނެއްވެފައި، އަސްލު ވެސް ވަރަށް ރީތިވެއްޖެ މިހާރު، ބޭބީގޮތް ކެނޑި މެޗުއަރ ވެލާފައި ހުރިހެން ހީވަނީ، އަހަރެންމީ ފިރިހެނެއްނަމަ އަހަރެންގެ ހިތަށް ވެސް ޒީ ފެނުމުން ގޮތެއްނުވެއެއް ނުދާނެ” އެނދުމައްޗަށް ވެއްޓި އޮވެ ދީމް ބުނެލިއެވެ. އެއާއެކު ފޮށި ހުޅުވާލައިގެން ގުދަށް އޮތް ޒީވާ ހިންދެމިލަމުން އަތުގައި ބޮނޑިކޮށްލި ޓީޝާޓުކޮޅު ދީމްއާ ދިމާލަށް އެއްލިއެވެ.

“ސާބަސް ދީމް، އަހަރެން ބުނީމެއްނު ރާކިޒުގެ ޕްރޮޖެކްޓުގައި އަހަރެން ބައިވެރިވާނީ ރާކިޒޭ ކިޔައިގެން ދިމާނުކުރަންޏާއޭ، ހަނާގެ ކަންތަކޭމީ، މޭކަޕާ ނުލާ އެއްކަމެއް ވެސް ކުރެވޭކަމަށް އެމީހުންނަކަށް ނުވޭ… އަދި މީ އެކޮޅުގައި އެމީހުން އަހަންނަށް ކުރިވަރާ ބަލާފައި ގާތް ވެސް ނުކުރޭވަރެއް” ފޫހިވެފައި ތުންކޮޅު އޫކޮށްލަމުން އައިސް ޒީވާ ބަންޑުން އެނދުމައްޗަށް ވެއްޓިގަތެވެ. ހަޤީޤަތުގައި އޭނާ ފޫހިވަނީ އެއިން އެއްވެސް ކަމަކާއެއް ނޫނެވެ. މޫނު ފޮރުވާލައިގެން އިރުކޮޅަކު އޮތުމަށްފަހު ޒީވާ އޭނާގެ ލޯ ފޮހެލިތަން ދީމްއަށް ފެނުނެވެ.

“އޭތް! ރޮނީތަ؟ ހާދަ އަވަހަކަށް ހިތުގައި ތިޖެހުނީ” ދީމް، ޒީވާގެ ކޮނޑުގައި ހިފާ މަޑުމަޑުން ތަޅުވާލަމުން އަހާލިއެވެ. އެންމެންގެ ފަރާތުން ކެނޑިނޭޅި އިވެމުންދަނީ ރާކިޒުގެ ނަން ކިޔާ އަޑެވެ. އެހެންނަމަވެސް އޭނާގެ ހިތާއި ސިކުނޑީގައި ބިންވަޅުނެގިފައިވަނީ އަކްމަލްގެ ނަމެވެ. ނުފެނި ހުރުމަށްފަހު އަކްމަލް އެ ފެނުނީ ޒީވާ ހީވެސް ނުކުރާ ފަދަ ގޮތަކަށެވެ. އެހާމެ ގާތުންނެވެ. އެހެންނަމަވެސް ޒީވާއަށް އުނދަގޫ ކުރަނީ އޭނާ އެނބުރި ޒީވާގެ ހަޔާތަށް ނާންނާނޭކަން އެނގޭތީވެ އެ ޚިޔާލެއެވެ. ރާކިޒަށްޓަކައި އޭނާގެ ހިތުގައި ކުޑަ ވެސް ޖާގައެއް ދެވިފައި ނެތެވެ. އެކަމަކު ރާކިޒަށް ނުބައި އިޝަރާތެއް ޒީވާއަށް ދެވިއްޖެކަން ޚުދު އޭނާއަށް ވެސް އިހްސާސްކުރެވިއްޖެއެވެ. އޭނާއަށް އެގޮތަށް ކަންތައް ކުރަން މަޖުބޫރުކުރުވީ ކުރިމަތީގައި އަކްމަލް ފެންނަން ހުންނާތީއެވެ. އޭނާއަށް ޒީވާއާ ދުރުގައި ހުންނަން ކެތްވާނަމަ ޒީވާއަށް ވަކި ކެތްނުވާނީ ކީއްވެހެއްޔެވެ. ޒީވާ ވެސް ބޭނުންވަނީ އަކްމަލްގެ ކުރިމަތީ ސާބިތުކަމާއިއެކު ހުންނާށެވެ. މޫނުމަތިންނާއި އެއްވެސް ހަރަކާތަކުން އޭނާގެ ހިތް އަކްމަލްގެ ސަބަބުން ރޯވަރު އެނގޭކަށް ޒީވާ ބޭނުމެއްނޫނެވެ. އެހެންވިޔަސް އެކަނިވުމުން ޒީވާގެ ދެލޮލުން ކަރުނަ އަންނަނީ އަމިއްލަ އިޚުތިޔާރުގައެއް ނޫނެވެ. ހިތާއި ސިކުނޑި އަކްމަލްގެ ޚިޔާލުތަކުން ފުރި ބާރުވެފައި ވާ ކަހަލައެވެ. ޒީވާގެ އަމިއްލަ އިހުސާސްތަކާއި މީހަކު ކުޅެލިއިރު އޭނާ އެފަދަ ގޮތެއް ރާކިޒަށް ހަދާކަށް ބޭނުމެއްނޫނެވެ. އެންމެފަހުވަގުތު ރާކިޒުގެ ހިތް ހަލާކުކޮށްލުމަކީ ޒީވާގެ މަޤްޞަދެއް ނޫނެވެ. މަޖުބޫރުން ރާކިޒައި ގުޅުމަކީ ވެސް ޒީވައަށް ކެތްވާނޭ ކަމެއް ނޫނެވެ.

“ޒީ ރޮނީ، އެހެންނޫނީ ތިހެން މޫނު ފޮރުވައިގެން ނޯންނާނެ، އައި އެމް ރިއަލީ ސޮރީ… ދެން ރާކިޒޭ ނުކިޔާނަން، ޕްލީޒް ޒީ، މިކޮޅަށް އެނބުރިބަލަ” ޒީވާ އޮތް ގޮތުން ދީމް އެއްގޮތަކަށް ވެސް ހިތްހަމައެއް ނުޖެހުނެވެ. އޭނާގެ މޫނު ނިވާވެފައި އޮތް އަތަށް ދީމް ދަމަންފެށިއެވެ. އެއާއެކު ޒީވާ އުއްޑުން ޖެހުނެވެ.

“ދީމް، އަހަރެން ހިތަށް އަރާ އެހެންމީހުންގެ ހިތުގައިވާ އެއްޗެއް އެނގޭނޭ ގޮތެއް ވާނެނަމައޭ، އޭރުން އެމީހަކީ ކޮންކަހަލަ މީހެއްކަން ދެނެގަންނަން ފަހަރެއްގައި އެނގުނީސްކަންނޭނގެ” ޒީވާ މޮޅިވެރި ރާގެއްގައި ބުނެލިއެވެ.

“ޒީ، އެކޮޅުގައި ކަމެއްވީތަ؟ އަނެއްކާ ރާކިޒުގެ ފަރާތުންތަ؟ އެހެންވެތަ ތިހާ ފޫހިވެގެން ތިއުޅެނީ” ޒީވާގެ މޫނަށް ބަލަން އޮތް ދީމް އަހާލިއެވެ.

“ރާކިޒު… އަހަންނަށް މިހާރު އުނދަގޫވޭ އޭނާއާ ހެދި، އެކަމަކު ނޭނގެ ކީއްވެކަމެއް، އޭނާއާ ދިމާލަށް އެހެން ބުނާކަށް ނުކެރޭ، އޭނާއަކީ ހެޔޮ މީހެއް، އެހެންވެ އޭނާއަށް ދެރަގޮތެއްވާކަށް ވެސް އަހަރެންގެ ހިތެއް ނޭދޭ… ދީމް، އަހަރެން ކިހިނެއްތަ ރާކިޒަށް ވިސްނައިދޭނީ” ޒީވާ ވެސް ދީމްއާ ދިމާލަށް މޫނު އަނބުރާލިއެވެ.

“އަހަރެންގެ ހިތް ބުނާ އެއްޗެއް ބުނަންތަ؟” ދީމް ވިސްނާލާފައި އެއްޗެއް ބުނާފަދަ ގޮތަކަށް ބުނެލިއެވެ. އެއާއެކު ޒީވާ ބޯޖަހާލިއެވެ.

“ޒީގެ ހިތުގައި ރާކިޒަށް ކޮންމެވެސް ސިފައެއްގައި ފީލިންގްސް އެބަހުރި، އެކަމަކު އަދި އެކަން ޤަބޫލުކުރަން ބޭނުންނުވަނީ، ރާކިޒަކީ ހުތުރު މީހެއްނޫން، އޭނާ ހިޔެއްނުވޭ ޒީގެ ނުރުހުމުގައި އެއްވެސް ކަމެއް ކުރާނެހެން، ޖަސްޓް ގިވް ހިމް އަ ޗާންސް، އަހަންނަށް އެނގޭ އޭރުން މަޑުމަޑުން ޒީގެ ހިތް ވެސް ރާކިޒަށް ބޭނުންވެދާނެކަން، އަސްލު ރާކިޒު ހުރިހާކަމެއް އެ ކުރަނީ ޒީ ބޭނުންވެގެން، އަހަންނަށް ކޮށްދިން ހުރިހާ ކަމަކީ ވެސް ޒީގެ އުފަލަށްޓަކައި އޭނާ ކޮށްދިން ކަންކަން އަހަންނަށް ޔަޤީން، މީހަކު ދެކެ ލޯބި ވެވުނީމާ އެނގޭނީ، އޭނާގެ އުފަލަށްޓަކައި ތިމާއަށް ކޮންމެކަމެއް ކުރުމުގެ ކުޅަދާނަކަން ލިބިގެންދާކަން، އިޓްސް ލައިކް މެޖިކް…. ޒީއަށް އަދި ކުއްޖަކު ދެކެ ހަޤީޤީ ލޯބި ނުވެވެނީ، ނޫނީ މާޒީގެ ސަބަބުން އަލުން މީހަކުދެކެ ލޯބިވާން ބިރުގަންނަނީ” ދީމް ހެވިފައި އޮވެ ބުނެލިއެވެ.

“ލޯތްބަކީ ބޮޑު ވިހައެއް… އަހަރެން ބޭނުމެއްނޫން އިތުރަށް މި މައުޟުޢުއަށް ވާހަކަދައްކާކަށް. އެކަމަކު އަހަރެން ވަރަށް އުފާވޭ މާހިދު ކަހަލަ ތެދުވެރި ލޯބިވާން އެނގޭ މީހަކު ދީމްގެ ހަޔާތަށް އައީތީ، ދީމްގެ މަންމަ ކޮބާތަ؟ ގޭތެރޭން ނުވެސް ފެނޭ، ޝަނޫ ދައްތަގެ ހިލަމެއް ވެސް ގޭތެރެއިން ނުވޭ، އަހަރެން ބުނިން މިއަދު އަންނަ ވާހަކަ” ޒީވާ ވާހަކަ ބަދަލުކޮށްލިއެވެ.

“މަންމަ އައިސް ކޮޓަރިއަށް ވަންތަނާ ޒީ ތިއައީ، ދޮންތަ މިރޭ ޕާޓީއަކަށް ދާންޖެހޭތީ ފަހަންދިން ހެދުންބަލާ ގޮސްވީ” ދީމް ތަފްޞީލުދިނެވެ.

ކަމެއް ކުރާހިތްނެތިފައި ޒީވާ އެނދުގައި އޮތްގޮތަށް އޮތީއެވެ. އެހެންނަމަވެސް ދީމްއާ ހެދި އެގޮތަށް އޮވެވޭގޮތެއް ނުވިއެވެ. ނުވިތާކަށް މޫނިސާ ވެސް ޒީވާއަށް ގޮވާފައި ދަތުރު ކުރިއަށް ދިޔަގޮތް އޮޅުން ފިލުވުމުގައި އުޅުނެވެ. ކުއްލިއަކަށް ޒީވާގެ މިނިވަންކަން ގެއްލިއްޖެ ކަމުގެ އިހުސާސެއް އޭނާއަށް ކުރެވުނެވެ. ގިނަ ކަންކަން ކުރުމުގައި ފާޑަކަށް މަޖުބޫރުވެފައި ހުންނަހެން ވެސް ހީވިއެވެ. ލިބިފައިވާ މާޔޫސްކަމާއި ހިތްދަތިކަމުގެ ސަބަބު ބަޔާންކޮށް މީހަކާއި ވާހަކަދައްކާލުމަކީ ކުރަން ފަސޭހަކަމަށް ޒީވާއަކަށް ނުވިއެވެ. ފޯނު ހިފައިގެން އެއަށް ބަލަހައްޓައިގެން ޒީވާ އިނެވެ. އިސްކުރީނުން ފެންނަން އޮތީ ޝީރީންގެ ނަންބަރެވެ. އެ ނަންބަރަށް ގުޅަން އެތައްފަހަރަކު ހިތަށްއަރާ އިނގިލި ހަރަކާތްކޮށްލެވެއެވެ. ދެން ވެސް ގުޅާކަށް ނުކެރުނެވެ. ޒީވާގެ މޫނުމަތިން ފާޅުވެގެން ދިޔަ ނުރުހުމުގެ އަސަރާއިއެކު އެނދުމައްޗަށް ފޯނު އެއްލާލިއެވެ.

* * * *

މަޑުފިޔާތޮށި ކުލައިގެ ކުރުތާ އާއި ގަދަ ނޫކުލައިގެ ސްކިނީއެއް ލައިގެން ޒީވާ ހުރީ އޮފީހަށް ދިއުމަށް ނިކުމެ ދޮރޯށި ދޮށުގައެވެ. އިރުއިރުކޮޅާ ކޮނޑުގައި އަޅުވާފައި އޮތް އަތްދަބަހުގެ ވާކޮޅު ރަނގަޅުކޮށްލައެވެ. އަދި އެނބުރި ގޭތެރެއަށް ބަލާލައެވެ. އޭނާ ހުރީ ދީމްގެ އިންތިޒާރުގައެވެ. އެހެން ހުއްޓާ ޝަނޫޒާ ވެސް ތައްޔާރުވެގެން ނިކުމެއްޖެއެވެ.

“އަރަން އުޅުނު ފައިވާން ހަލާކުވެގެން އެބައުޅޭ… ވަރަށް ރުޅި ގަދަވެފައި ހުރީ” ލާނެތް ގޮތަކަށް ހީނލާފައި ޝަނޫޒާ ބުންޏެވެ. އެއާއެކު ޒީވާގެ ގާތަށް ވެސް ހިނިއަތުވެއްޖެއެވެ. އަދި ޝާނޫޒާ ނިކުންނަން ތަންދައްކާފައި އެތެރެއަށް ވަދެގެން އައެވެ.

“ބަލާބަލަ ޒީ، އަޅެ ދެހަފްތާއެއް ނޫންތަ މި ފައިވާނަށް އެރުނީ، އަހަންނަށް ހީވަނީ މާލޭ މަގުތަކުގައި ހިނގަން ދެން ގަންނަންވީ ސޭފްޓީ ޝޫއެއް ކަންނޭނގެ، ކިހިނެއްތަ މިވަރަށް ފައިވާން ގަންނާނީ، މަހުޖަނުންނެއް ނޫންވިއްޔާ އަހަރުމެންނަކީ” ރުޅި ގަދަވެފައި ހުރި ދީމް ބުންޏެވެ.

“އެހެންވެސް ބައެއްފަހަރު ވާނެ، ފައިވާނާ ހެދި އޮފީހުގެ ގަޑިނުޖެހެނީސް ހިނގާ އަވަހަށް ދަމާ، ދީމް އަތުގައި ފައިވާން ނެތީއެއް ނޫނެއްނު” ޒީވާ މިހެން ބުނެލުމުން ދީމް ފައިވަން ހަރުގަނޑު އިތުރު ފައިވާނެއް ނަގާ ފަޔަށް ހެޔޮވަރުކޮށްލިއެވެ. އަދި ޒީވާގެ ގާތުގައި ޝަކުވާކުރަމުން ދެމީހުން އެކުގައި ގެއިން ނިކުމެގެން އޮފީހާ ދިމާލަށް ދިޔައެވެ.

ޕްރޮޖެކްޓުގެ ނިންމަން ހުރި އެންމެފަހުގެ މަސައްކަތްތައް ނިންމާލުމަށްފަހު ރާކިޒު، ޕްރޮޑަކްޓްގެ ވެރި ފަރާތާއި އަދި އޭނާގެ ދަށުން އެމަސައްކަތުގައި އުޅޭ މުވައްޒަފުންގެ މެދުގައި ބައްދަލުވުން ކުރިއަށް ދިޔައެވެ. ޕްރޮމޯޓްކުރުމާއި މާކެޓް ކުރުމުގެ ކަންކަން ކުރިއަށް ގެންދާނެ ގޮތުގެ މަޝްވަރާތައް ކުރެވުނެވެ. ނަގާފައިވާ އެކިއެކި ފޮޓޯތަކުން ފާހަގަކޮށްލެވޭ އެންމެ ރީތި ފޮޓޯ އެންމެން ކަނޑައަޅައި ނިންމިއެވެ. އެންމެން ވެސް ތިބީ ވަރަށް ބޮޑަށް ހިތްހަމަޖެހިފައެވެ. އަދި ކުރިއަށް ފަށަންއޮތް ޕްރޮޖެކްޓުގެ ވާހަކަ މަޝްވަރާ ކުރުމާއިއެކު ބައްދަލުވުން ނިންމާލިއެވެ. ރާކިޒުގެ މޫނުމަތިން އެހެންޏާ ނުފެންނަ ހިނިތުންވުމަކާއި ހަމަޖެހިފައި ހުރިކަމުގެ ކުލަވަރު ފެންނަން ހުއްޓެވެ. އޭނާ އަވަސްވެގަތީ ޒީވާއާއަށް މަރުޚަބާ ކިޔާށެވެ. އެހެންވެ ހަވީރުގެ ސައި އޭނަގެ ޚަރަދުގައި ފްރޮޖެކްޓުގެ މަސައްކަތުގައި ބައިވެރިވެރި މުވައްޒަފުންނަށް ދިނެވެ. އަދި މިފަހަރު ލިބުނު ކާމިޔާބަށްވުރެ ބޮޑު ކާމިޔާބެއް ކުރިއަށް އޮތް ޕްރޮޖެކްޓުން ލިބޭނޭ ކަމަށް އުންމީދުކުރާކަމަށް ބުނެ ހުރިހާ މުވައްޒަފުންގެ ޖޯޝު އިތުރުވާނޭ ފަދަ ގޮތަކަށް ހިތްވަރުދިނެވެ. އަތުކުރީ އޮތް ގަޑިބަލާލުމާއިއެކު ރާކިޒު އަވަސްވެގަތީ ޒީވާ އޮފީހުން ނިކުންނަން ވާއިރަށް އޮފީހަށް ދެވޭތޯއެވެ.

“ޒީ… ކޮންގްރާ…” އޮފީހުން ނިކުމެނިކުމެ ހުރި ޒީވާއަށް ރާކިޒު ގޮވާލަމުން ބުނެލިއެވެ.

“މީ ކޮންކަމެއް” ރާކިޒުގެ އަތުގައި އޮތް ބޮޑު މާބޮނޑު ޒީވާއަށް ދިއްކޮށްލުމުން ހިފަން ނުކެރިފައި ހުރެ ބުނެލިއެވެ. އެއާއެކު ކައިރީގައި ހުރި ދީމް ރާކިޒުގެ އަތުގައި އޮތް މާބޮނޑި އަތުލާފައި ޒީވާގެ އަތަށް ލާދީފިއެވެ.

“މީހުން ހަދިޔާ ދިނީމަ ސުވާލުނުކޮށް ބަލައިގަންނަންވާނެ، އެހެންނު ރާކިޒު… ސަރ…” ސަމާސާ ގޮތަކަށް ދީމް ބުނެލިއެވެ.

“ދީމް…” ޒީވާ، ދީމްއަށް ލޯއަޅާލިއެވެ.

“ބޮޑު ފައިދާއެއްވީ، އޭގެ ހައްޤުވެރިއަކީ ޒީ، އަހަންނަށް ޒީ އެހީނުވިނަމަ މިފަހަރުގެ ޕްރޮޖެކްޓު އެހާ ކާމިޔާބެއް ނުވީސް، އަހަންނަށް ވިސްނޭ ގޮތުގައި އަހަންނަށް ޒީ ހަމަ ލަކީއޭ ބުނެވޭނީ، ހުރިހާ ޝޮޓެއް ވެސް ވަރަށް ފުރިހަމަ، ހީވެސް ނުވޭ އަލަށް ކުރި މަސައްކަތެއްހެން ވެސް” ރާކިޒުގެ ދުލުން ތަޢުރީފުގެ ބަސްތައް އޮހިގަތެވެ.

“ކޮންއިރަކުންތަ އޮފީސްތެރޭގައި އާންމުކުރާނީ” ޒީވާ ކުޅުނު އިސްތިހަރު ބަލާލާ ހިތުން ހުރި ދީމް އަހާލިއެވެ.

“މިރެއިން ފެށިގެން ވީޓީވީގައި އާންމު ކުރާނެ، އަދި އިތުރު ދެތިން ޓީވީއަކުން ދައްކާގޮތަށް ވެސް ހަމަޖެހޭނެކަމަށް ވަނީ، ހަމަގައިމު ވެސް އަހަރުމެންނަށް ޕްރޮޑަކްޓް ހަވާލު ކުރި ފަރާތުން ހުރީ ވަރަށް ހިތްހަމަޖެހިފައި، އަހަރެން ޒީގެ ވާހަކަ ނުބުނަނީސް އޭނާ އެދެފި ކުރިއަށް އޮތް އެމީހުންގެ ހޮޓްޗޮކުލްޓްގެ ބްރޭންޑު އިސްތިހާރު ކުރުމަށް ބޭނުންވަނީ ޒީ ކަމަށް” ރާކިޒުގެ އަޑުގައި ހުރި އުފާވެރިކަން ދީމް އާއި ޒީވާއަށް ނަގައިގަންނާކަށް އުނދަގުލެއްނުވިއެވެ.

“އޯ މައި ގޯޑް، ދުވަސްކޮޅަކުން ޒީ މަޝްހޫރުވެދާނެ ދޯ” ކުޑަކުއްޖަކު ފަދައިން ކުޑަކޮށް ފުންމާލާފައި އަތްތިލަބަޑި ޖަހާލަމުން ދީމް ބުނެލިއެވެ. ނަމަވެސް ޒީވާގެ ފަރާތުން ލުއި ހިނިތުންވުމެއް ފިޔަވާ އިތުރު ޝުއޫރެއް ފާޅެއް ނުވިއެވެ.

“މިރޭ ޒީ އަށާއި ޒީގެ ސިސްޓަރ އަށް ޓްރީޓް އޮންނާނެ އިނގޭ، ސެވެން ތާޓީގައި ގުޅާނަން، ޒީ ފޯނު ނަގައްޗޭ، ދީމް ވެސް ތައްޔާރުވެގެން ހުންނާތި، މާހިދު ވެސް އަހަރުމެންނާ ބައިވެރިވާނެ، ޒީގެ ފުރަތަމަ ކާމިޔާބީ މީ، ކޮންމެހެން ވެސް ސެލެބްރޭޓް ކުރަން ވާނެ އެއްނު” ރާކިޒު ހެވިލާފައި ބުންޏެވެ. އެކަމާ ދީމް ވެސް އެއްބަސްވިއެވެ. ދަތްތައް ފެންނަވަރަށް ހިނިއައިސްފައި ހުރި ރާކިޒު އޭނާގެ ދެއަތް ފަޓުލޫނުގެ ޖީބަށް ކޮށްޕާލީ އުފަލުން ގޮސް ޒީވާގެ ގައިގާ އޭނާއަށް އަތްލެވިދާނޭހެން ހީވެގެންނެވެ. އަދި އެ ހިތުގައި އެވަގުތު ހިނގަމުންދިޔަ އިހުސާސްތައް އޮބިއަޅަމުން ދީމް އާއި ޒީވާ ގެއަށް ދިއުމަށް ހިނގައިގަތް ދިމާލަށް ނަޒަރު ހުއްޓާލައިގެން ހުއްޓެވެ.

މޫނިސާ ގެއަށް ވަދެ ފައިވާން ހަރުގަނޑުގައި ފައިވާން ނުބެހެއްޓެނީސް ދީމް، ރާކިޒު ދިން ޚަބަރު ގޭތެރޭގައި ފަޅާލައިފިއެވެ. އޭނާއާ ސޯފާގައި އިން ޝަނޫޒާ އެއްބައިވިއެވެ. ޒީވާގެ ކާމިޔާބީކަމުގައި އެންމެން ދެކުނު އިރު އެކަމުން ޒީވާއަށް ކުޑަ ނަމަވެސް ހިތްހަމަޖެހުމެއް ނުލިބުނެވެ. ހިތްބާރަށް ތެޅެމުންދިޔައީ އަނެއްކާ ވެސް ރާކިޒާއިއެކު ފުރަންވީ ދުވަސް ކައިރި ވަނީކަން ހަނދާނުގައި ހަރުލާފައި ހުރުމުންނެވެ.

“ދަރިފުޅާ….” ރޭގަނޑުގެ ކެއުމަކަށް ރާކިޒު ދަޢުވަތު ދީފައި އޮތުމުން ޒިވާ ހުރީ އެރެއަށް ލާނޭ ހެދުމެއް ކަނޑައެޅުމަށްޓަކައި އަލަމާރި ކައިރީގައެވެ. އެވަގުތު އޭނާގެ ކޮޓަރީގެ ދޮރު ހުޅުވާލި މޫނިސާ ލޯތްބާއިއެކު ގޮވާލިއެވެ. އަދި ވަދެގެން އެ އައިގޮތަށް އައިސް ޒީވާގެ ގައިގާ ބައްދާލީ މައިވަންތަކަމުން ފުރިގެންވި ފަދަ ގޮތަކަށެވެ.

“ކޮބާ! މަންމަ ބުނީމެއްނު ޒީ ކުރަން ބޭނުންނަމަ ނުކުރެވޭނެ ކަމެއް ނޯންނާނެއޭ…. މިރޭ ކޮންމެގޮތެއް ހަދާފައި ވެސް ދަރިފުޅުގެ އިސްތިހާރު ނުބަލައެއް ޓީވީ ދޮށުން ދުރަކަށް ނުދާނަން” ހިނިއައިސްގެން ގޮސް ދެލޯ ކުޑަވެފައި ހުރި މޫނިސާ ބުނެލިއެވެ. އޭނާއަށް ބަޔާންކުރަން ދަތި އުފާވެރިކަމެއް ލިބުނު ކަހަލައެވެ. ޒީވާ ބަސްމަދުވެފައި ހިނިތުންވެލައިގެން ހުއްޓެވެ.

“ދެން ކޮންއިރަކުން ފުރަންޖެހެނީ، ދީމް ބުނި ޒީ ވަރަށް އަވަހަށް ފުރާނެއޭ” މޫނިސާ އަހާލިއެވެ.

“ހީވަނީ މާދަމާ ނޫން އަނެއް ދުވަހު ހެން، ރާކިޒު ކުރިން ވެސް ބުނެފައި އޮތީ ދެދުވަހެއްގެ ތެރޭގައި އަލުން ފުރަންޖެހޭނެ ކަމަށް” ޒީވާ ބުންޏެވެ.

އެރޭގެ ޚާއްޞަ ދަޢުވަތުގައި ކެއުމަށް އިންސާފުކުރަމުން ދިޔަ ޒީވާ އާދަޔާ ޚިލާފަށް ބަސްމަދުކަން ރާކިޒަށް ފާހަގަކުރެވުނެވެ. އެހެންނަމަވެސް އެއްޗެއް އަހާލާން ނުކެރުނީ އެކުގައި މާހިދު އާއި ދީމް ތިބުމުންނެވެ. އެގޮތަށް ކަންތައް ކުރަން ޖެހުނީ ވެސް ޒީވާއަށް އެކަނި ދަޢުވަތެއް ދީފި ނަމަ އިންކާރު ކުރާނޭކަން ރާކިޒަށް އެނގޭތީވެއެވެ. ނުވައެއް ޖަހަން އުޅެނިކޮށް ކައިގެން ނިކުން ގޮތަށް އަވަސް އަވަހަށް ދީމް، އޭނާ ގެއަށް ދާނީ މާހިދުއާއެކުގައި ކަމަށް ބުނެލިއެވެ. އަދި ޒީވާ، ރާކިޒާއިއެކު ގެއަށް ގޮސްލުމަށް އެދުނެވެ. އުފަލުން ހުރެ އެކަން ރާކިޒު ޤަބޫލުކުރިއެވެ. އޭނާގެ ހާލު ދީމް ދެނެގަތުމުން އެކަމާއި ހިތާއި ހިތުން ޝުކުރުވެރިވެވުނެވެ.

“ދީމް… ދީ…މް…” ޒީވާ ގޮވާލުމުން ވެސް ދީމް މާނަފުން ގޮތަކަށް ހީނލާފައި މާހިދުގެ ގާތަށް ގޮސް އޭނާގެ ސައިކަލު ފަހަތަށް އެރިއެވެ. އިތުރަށް ބުނާނެ އެއްޗެއް، ނުވިތާކަށް ކުރާނެ ކަމެއް ވެސް ނޭނގި ހުރެ ޒީވާ، ރާކިޒާއި އެއްކޮށް އައިސް ޕާކިން ޒީނު ކައިރީ މަޑުކޮށްލިއެވެ.

“ކާރަކު ނޫންތަ” ސައިކަލު ޕާކުކޮށްފައި އޮތް ޒޯނުގެ ތެރެއިން ސައިކަލަށް ރާކިޒު އަރަން ދިމާކޮށްލުމުން ހައިރާންވެފައި ހުރެ ޒީވާ އަހާލެވުނެވެ.

“މި މާލޭގައި ޕާކު ކުރާނޭ ތަންކޮޅެއް ހޯދުމަކީ ކިހާ އުނދަގޫކަމެއްކަން ޒީއަށް ވެސް އެނގޭނެ، އެހެންވެ ބޭނުންނުވީ މިރޭގެ ޑިނާ ކާރުގައި އައިސް ސްޕޮއިލްކޮށްލަން، މިހާރު ޕާކު ކުރާނޭ ތަންފުކެއް ނުލިބިގެން ހުންނާކަށް ނުޖެހޭނެ” ސައިކަލު ޒޯނުން ނެރެމުން ރާކިޒު ވާހަކަދެއްކިއެވެ. ސައިކަލަށް ރާކިޒާއިއެކު އަރަންވީމައި އިތުރަށް ޒީވާ ހިތްހަމަނުޖެހުނެވެ. ކާރުގައި އިނުމަށްވުރެ ސައިކަލުގައި އިންނަންޖެހޭނީ ރާކިޒާއި ކައިރީގައިކަން އެނގޭތީއެވެ. ތިރީތުންފަތުގައި ދަތްއަޅާލައިގެން ހުރި ޒީވާއަށް ރާކިޒު ގޮވާލުމާއިއެކު ސައިކަލުގެ ފަހަތަށް އެރުމަށް ބުންޏެވެ. އަނެއްކާ ވެސް ޒީވާ ކުރަން ބޭނުންނޫންކަމަކަށް މަޖުބޫރުވީއެވެ. މާލޭގެ މަގުތަކުގައި ގައު ޖަހާފައި ހުރި ގޮތުގެ ސަބަބުން ފުރަތަމަ ފަހަރަށް ޒީވާ ރުޅިގަދަވާގޮތްވެ ހިތާއި ހިތުން ޝަކުވާކުރިއެވެ. އަޑިއަޑިގަނޑަށް ސައިކަލު ޖެހިލާފައި ދާއިރު ރާކިޒުގެ ބުރަކަށީގައި ނުޖެހެން އިންނައިރު ވެސް ޒީވާއަށް އެކަން ކާމިޔާބުވާގޮތް ނުވާތީއެވެ. ގެއަށް ދެވޭނީ ކޮންއިރަކުން ބާއޭ ހިތަށް އަރާފައި އިންދާ ރާކިޒު އައިސް ސައިކަލުގައި މަޑުކޮށްލީ އޭނާގެ ގޭދޮށަށެވެ. އަވަސް އަވަހަށް ޒީވާ ފައިބައިގެން ދީމްމެންގެ ގެއާއި ދިމާލަށް ހިނގައިގަންނަން އުޅުނެވެ.

“ޒީ… މަޑުކޮށްބަލަ، އާދެބަލަ އަހަންނާއެކު” ރާކިޒު އޭނާގެ ގެއަށް ވަނުމަށް ދޮރާއްޓާއި ކުރިމަތިލަމުން ބުނެލިއެވެ. ސިހުމެއް ލިބިފައި ހުރި މީހަކު ފަދައިން ޒީވާ، ރާކިޒަށް ބަލަހައްޓައިގެން ހުއްޓެވެ.

“އަހަރެން ޒީއަށް ހަދިޔާއެއް ދޭށޭ، ކޮޓަރީގައި އޭތި އޮންނާނީ، އެ ހިފައިގެން އަންނަން ދެން ބޭރުގައި ނުވާނެއެއްނު ހުންނާކަށް، އާދެބަލަ ސިޓިން ރޫމުގައި މަޑުކޮށްލަން” ރާކިޒު ރަޙުމަތްތެރިއަކު ގާތުގައި ބުނެލާ އުސޫލުން ވާހަކަދައްކަން އުޅުނެވެ. ނަމަވެސް އޭނާއަށް ޒީވާއާ ވާހަކަދައްކާއިރު ހިތް އަވަސްވާގޮތްވަނީއެވެ. ހަޤީޤަތުގައި ޒީވާއަށް ކަމެއް ފޮރުވާތިވެގެން ވެސް މެއެވެ. މިގަޑީގައި ސިޓިން ރޫމުގައި ޒީވާގެ މަންމަ އާއި ބައްޕަ އިންނާނެކަން އެނގޭތީއެވެ. އެމީހުންނަށް ރާކިޒުގެ ހޮވުން ދައްކާލަން ޚުދު އޭނާ ބޭނުންވަނީއެވެ. ޒީވާއަށް އެނގިއްޖެއްޔާ މިއިން އެއްވެސް ކަމެއް ނުވާނޭކަން އެނގޭތީއެވެ.

“ދެން ތިހެން ނުހުރެ އާދެބަލަ…” ރާކިޒު މިހެން ބުނެ ޒީވާގެ އަތްތިލާގައި ހިފާލިއެވެ. އެ އަތްތިލަ ގަނޑުފެންކޮޅެއްހާ ފިނިވެފައި އޮތްކަން ރާކިޒަށް އިހުސާސްވުމުން ޒީވާއަށް ބަލާލެވުނީ މާނަފުން ބަލާލުމަކުންނެވެ. އެހެންނަމަވެސް ޒީވާގެ އަތުން އޭނާ ދުލެއްނުކުރެއެވެ. ޒީވާ ގޮވައިގެން އެ ގޭގެ ދޮރޯށިން ރާކިޒު ވަނެވެ. ބުދެއްހެން ހުރެ ޒީވާ، ރާކިޒާއިއެކު ކުރިއަށް ފިޔަވަޅު އަޅަމުން އައެވެ.

ޓީވީ ރިމޯޓު އަތަށް ލައިގެން ސިޓިން ރޫމު ސޯފާގައި އިން ހަމްދޫނުގެ ނަޒަރު ދޮރުން ވަން ރާކިޒަށް ހުއްޓުނެވެ. ހަމައެގޮތަށް ޒީވާއަށް ހަމްދޫނު ފެނުމާއިއެކު ބިރުންގޮސް ފަހަތަށް ޖެހިލެވުނެވެ. އަދި ރާކިޒުގެ އަތުން އަތްފޮޅުވާލަން އުޅުނެވެ. އެހިނދު ޒީވާގެ އަތުގައި ބާރަށް ހިފާލަމުން ރާކިޒު އޭނާގެ ބައްޕައަށް ޒީވާ ތަޢާރަފުކޮށްދިނެވެ.

“މީ ކޮން ކުއްޖެއްތަ؟” ހަމްދޫނު އަހާލިއެވެ. އޭނައަށް ކޮންމެވެސް ތަނަކުން ފެނުނު ކުއްޖަކާ ޒީވާއާ ވައްތަރުވިއެވެ. އޭނާއަށް ނޭނގުނެއްކަމަކު ޒީވާއަށް ހަމްދޫނަކީ ކާކުކަން އެނގެއެވެ. އަޖައިބުވެ އަންތަރީސްވީ ތަޤުދީރު މިކުޅެނީ ކޮން ކުޅިގަނޑެއް ބާއޭ ހިތަށް އަރާފައެވެ. ކުރިމަތީގައި އިން މީހަކީ ފުލުހުންގެ ޑްރަގު ބައިގެ ބޮޑުމީހާއެވެ. ރާކިޒު ބައްޕައަކީ އެއީއެވެ. އަކްމަލް އާއި ޒީވާގެ މައްސަލަ ބަލަމުން ދިޔައީ އޭނާގެ ބެލުމުގެ ދަށުންނެވެ. ޚުދު ހަމްދޫނު ޒީވާ ވަނީ ޒީވާއާ އެތައް ސުވާލެއް ކޮށްފައެވެ. ބާރަށް ތެޅެމުންދިޔަ ޒީވާގެ ހިތާއިއެކު ނިތްކުރިން ދާތިކި ފާޅުވާންފެށިއެވެ.

“މީ ޒީ، އަޅުގަނޑުގެ ވަރަށް ގާތް ރަޙުމަތްތެރިއެއް، ބައްޕާ، މަންމަ ކޮބާތޯ” ރާކިޒު އަހާލިއެވެ.

“ރާކިޒު، ދޭބަލަ ޒީއަށް ފިނި ފެންތަށްޓެއް ގެނެސްދޭން، އޭނާ އެއިނީ ވަރަށް ހޫނުވެފައި” ރާކިޒު އޭނާގެ މަންމަ ހޯދުމަށް ދިއުމަށް އެނބުރިލި ތަނާހެން ޒީވާއަށް ވަރަށް ރަނގަޅަށް ބަލާލި ހަމްދޫނު ބުނެލިއެވެ. ރާކިޒު އަވަސް އަވަހަށް ބޯޖަހާލިއެވެ.

(ނުނިމޭ)

Leave a Comment

Your email address will not be published. Required fields are marked *