THIYAEE MAGEY MITHURAA EY [EP: 10]

ރާކިޒު އެތެރެއަށް ހިނގައިގަތީ އޭނާގެ ބައްޕަ އެދުނު ފަދައިން ޒީވާއަށް ފިނި ފެންތަށްޓެއް ބަލައެވެ. އޭނާ އެތެރެއަށް ވަދެގެން ދިޔަ ތަން ބަލަން ކުޑަކޮށް ހަށިގަނޑު ގުދުކޮށްލައިގެން އިން ހަމްދޫނު އޭނާގެ ލޯ މަތިން ރާކިޒު ގެއްލޭއިރަށް ޒީވާއަށް ބަލާލިއެވެ.

“މީގެ ކުރިން އަހަރުމެން ދިމާވިތަ؟” ހަމްދޫނު އެހެން އަހާލީ އެ ސުވާލުގެ ޖަވާބު އޭނާއަށް އެނގޭހެން ހީވާ ކަހަލަ ގޮތަކަށެވެ. ސޯފާގޮނޑިތަކުން ވަކިން ހުރި ގޮނޑީގެ ތަންކޮޅެއްގައި އިށީނދެލައިގެން އިން ޒީވާގެ ދެލޮލުން އޭނާ އިނީ ވަރަށް ކަންބޮޑުވެފައިކަން ހަމްދޫނަށް އެނގެއެވެ. ޒީވާއަށް ބުނާނެ އެއްޗެއް ނޭނގުނެވެ. ތެދަށް ބުނުމުން ދެން ކަންތައްވާނެ ގޮތާއިމެދު ޒީވާ ހާސްވިއެވެ. ހަމައެގޮތަށް ދޮގެއް ހަދައިފިއްޔާ ހަމްދޫނު ކަހަލަ މީހެއްގެ ކުރިމަތީ ބޭޒާރުވެދާނެއެވެ. އެހެންވެ ވަކި ޖަވާބެއް ދޭން ނޭނގިފައި ޒީވާ އިންގޮތަށް އިނީއެވެ. ހަމްދޫނުގެ ނަޒަރު ޒީވާއާ ވަތްކެއްނުވިއެވެ. އޭނާ މަސައްކަތް އެ ކުރަނީ ޒީވާ ފެނުނު ގޮތެއް ހަނދާންކުރަންކަމަށް ވެސް ވެދާނެއެވެ. ޒީވާއަށް ކުއްވެރިއެއް ފަދައިން އިހުސާސްވެގެން ދިޔަ ކަހަލައެވެ. ބަހެއްނުބުނެ އެންމެފަހުން އިސްޖަހާލި ވަގުތު ރާކިޒު އެތަނަށް އަތުއްވެއްޖެއެވެ.

“ތީ ދޯ ޒީއަކީ، ޒީ ގާތަށް ނައިސްގެން ދެންމެ ރާކިޒު ކިރިޔާ މަންމަ އުރާލައިގެން މިތަނަށް ނުގެނައީ” ސާމިހާ ހިނިތުންވެލައިގެން ހުރެ މިހެން ބުނަމުން އަތުގައި އޮތް ފިނިފެންތަށި ޒީވާއަށް ދިއްކޮށްލިއެވެ. ޒީވާ ގަދަކަމުން ހީނލާން މަސައްކަތްކުރިއެވެ. ރާކިޒާއި އޭނާގެ މަންމަގެ ފަރާތުން ފެންނަ ގާތްގޮތެއް ހަމްދޫނުގެ ހަރަކާތްތަކުގައި ނުވެއެވެ. ޒީވާ ޖެހިލުންވެފައި އިނީ އެހެންވެއެވެ.

ރާކިޒުގެ މަންމަ އާއި ޒީވާ ބައްދަލުކޮށްދެވުމުން ހީވީ އޭނާގެ ހުވަފެންތައް ހަޤީޤަތަކަށް ހެދުމަށްޓަކައި ކުރިމަތިވާނެ އެންމެ ބޮޑު ހުރަސް ނެތިގެން ދިޔަހެންނެވެ. ސާމިހާއަށް ޒީވާ ފެނުމުން އެ އަންހެން ކުއްޖާގެ ރީތިކަމަށް ހިތާހިތުން ވެސް ތަޢުރީފުކޮށްލެވުނެވެ. އޭނާގެ ދަރިފުޅު ބުނަން ބޭނުންވެގެން އުޅެނީ ކީކޭކަން ވަގުތުން އެނގުނު ކަހަލައެވެ. މަޔަކަށް ދަރިންގެ އިޝާރާތްތައް ދެނެގަތުމަކީ އުނދަގޫކަމެއް ނޫނެވެ. ސާމިހާއަށް ވެސް ވީ އެހެންނެވެ. ރާކިޒަކީ ކޮންކަހަލަ މިޒާޖެއްގެ ކުއްޖެއްކަން އޭނާ ދަނެއެވެ. އެހެންވީމަ އަންހެން ކުއްޖަކު އޭނާގެ މައިންބަފައިންގެ ކުރިމައްޗަށް ގެންނާނީ އެ ކުއްޖަކާއިމެދު ރާކިޒު ވަރަށް ގަޔާވެގެންނެވެ. ރާކިޒު އޭނާގެ ކޮޓަރިއަށް ގޮސްފައި އަންނަންވާއިރަށް ސާމިހާ، ޒީވާގެ ފަރާތުން ބައެއް ކަންކަން އޮޅުން ފިލުވާލިއެވެ. އޭނާ އާއި ރާކިޒާއި ބައްދަލުވިގޮތެވެ. ޒީވާގެ މައިންބަފައިން ކޮބައިތޯއެވެ. ޒީވާއަކީ ކޮންރަށަކު ކުއްޖެއްތޯއެވެ. ސާމިހާ ހިތްހަމަޖެހިފައި އިންދާ ރާކިޒު އައިސް ޒީވާއަށް ގޮވާލިއެވެ. އެއާއެކު އޭނާ އަވަސް އަވަހަށް ގޮނޑިން ތެދުވިއެވެ. ރާކިޒު، އޭނާގެ މައިންބަފައިން ގާތު ޒީވާ ގެއަށް ގެންދަނީ ކަމުގައި ބުނެ ޒީވާ ގޮވައިގެން ގެއިން ނިކުތެވެ. ޒީވާ އެގެއިން ނިކުތް ގޮތަށް ރާކިޒަށް ބަލާލުމެއްނެތި ހިނގައިގަތީ ދީމްމެންގެއަށް ވަނުމަށެވެ. ހައިރާންވެފައި ރާކިޒު އޭނާ ހުއްޓުވިއެވެ.

“ޒީ، އިހަށް މަޑުކޮށްބަލަ، މިއޮތީ އަހަރެން ދޭން އުޅުނު ހަދިޔާ” ހިނިއައިސްފައި ރާކިޒު ބުނެލިއެވެ.

“ޕްލީޒް ރާކިޒު، އަހަރެންގެ އަތުން ދޫކޮށްލަ ފާނަންތަ؟، އެންޑް ޕްލީޒް، އަހަންނަށް ތިގޮތަށް ހަދިޔާ ނުދީފާނަންތަ” ޒީވާއަށް ލިބިފައިވާ ހާސްކަން އޭރު ވެސް ފިލައިގެން ނުދެއެވެ. ރާކިޒާއި ދުރަށް ދާން ބޭނުންވެފައި ހުރެ އެކަން ކާމިޔާބު ނުވުމުން އިތުރަށް ޒީވާ ހިތްހަމަނުޖެހޭ ގޮތް ވިއެވެ. ކުއްލިއަކަށް ޒީވާގެ ޠަބީޢަތަށް ބަދަލުތަކެއް އަތުވެއްޖެހެން ރާކިޒަށް ވެސް ހީވިއެވެ.

“މީ… މީ ޒީގެ މަސައްކަތް ފުރިހަމަކަމުން އަހަރެން ދޭ ހަދިޔާއެއް، ރަޙުމަތްތެރިން އެކަކު އަނެކަކަށް ހަދިޔާ ބަދަލުކުރުމަކުން ކޮބާ މައްސަލައެއް، ކީއްވެތަ ޒީ ތިހާ އަންކޮމްޕޮޓަބަލް ވަނީ، ފިރިހެނަކަށް ޒީގެ ރަޙުމަތްތެރިއަކަށް ނުވެވޭނީތަ؟” ރާކިޒު އަހާލިއެވެ. އެހިނދު ޒީވާ ވަރަށް ވެސް ފުން ބަލާލުމަކުން ރާކިޒަށް ބަލާލިއެވެ. ރާކިޒު އެދެނީ އޭނާގެ ފަރާތުން ރަޙުމަތްތެރިކަމަކަށް ނޫންކަން އޭނާއަށް އެނގެޔޭ ބުނަން އުޅޭ ކަހަލައެވެ. ނަމަވެސް ތުންފިއްތާލަމުން ޒީވާ މޫނު އަނބުރާލިއެވެ.

“މި ހަދިޔާގައި ހިފާބަލަ، މީ ޒީ ރުޅި އަންނަންޖެހޭ ވަރު ކަމެއްކަމަކަށް އަހަންނަކަށް ނުވިސްނުނު، ބަލާލީމަތާ އެނގޭނީ ވެސް މީގައި އޮތް އެއްޗެއް ޒީއަށް ކަމުނުދަންޏާ ވެސް، ޕްލީޒް… ދެން ހިފާ” ރާކިޒު އާދޭސްކުރާ ފަދަ ގޮތަކަށް ބުނެލިއެވެ. ޒީވާ ކުރިއަށް ވުރެ ވެސް ބޮޑަށް ރާކިޒާ ދުރަށް މޫނު އަނބުރާލިއެވެ. އެވަގުތު ފިހާރައިން ނިކުމެގެން ގެއަށް ވަންނަން ދިޔަ މޫނިސާ ފެނުމާއިއެކު ޒީވާގެ ޚިޔާލު ވަގުތުން ބަދަލުވެގެން ދިޔައެވެ. އޭނާ އަވަސް އަވަހަށް ރާކިޒަށް ބަލާލަމުން އޭނާ ދިއްކޮށްގެން ހުރި ކުޑަ ޕާރުސަލުގައި ހިފިއެވެ. އެއާއެކު ރާކިޒުގެ ތުންފަތުގައި ހިނިތުންވުމެއް ދުވެލިތަން ފެނުނެވެ.

“ދެން އަހަރެންގެ އަތުން ދޫކޮށްލަންވީނު، ވަރަށް ލަސްވެއްޖެ” ޒީވާ މަޑުމައިތިރިކަމާއެކު ބުނެލިއެވެ. ހިނިތުންވެލައިގެން ހުރި ރާކިޒު އޭނަގެ އިނގިލިތައް ހުޅުވާލުމުން ޒީވާ އަވަސް އަވަހަށް އަތްދަމައިގަތެވެ. އަދި ދެވަނަ ފަހަރަށް ރާކިޒު އޭނާ ނުހުއްޓުވަނީސް ގެއަށް ވަނުމަށް ދުއްވައިގަތެވެ.

“ޒީ… މަގުމަތީގައި ރާކިޒާ ދެމީހުން ކޮންވާހަކައެއްތަ ދެއްކީ، ކޯނޗެއްތަ ރާކިޒު ދިއްކޮށްގެން އޭރު ހުރީ” ދޮރޯށި ދޮށުގައި ސިއްރުން ބަލަން ހުރި ކަމަށް ނަހަދާ މޫނިސާ އަހާލިއެވެ. އެއާއެކު ސިޓިން ރޫމުގައި މަޑުކުރަން ބޭނުން ނުވިޔަސް ޒީވާއަށް މަޖުބޫރުވީ މޫނިސާއަށް ކޮންމެވެސް ޖަވާބެއް ދޭށެވެ.

“އެންމެނަށް އިސްތިހާރު އެހާ ކަމުދިޔައިމަ ރާކިޒު ދިން ހަދިޔާއެއް މީ، ވަރަށް ވަރުބަލިވެފައި މިހިރީ، ނިދަން މިދަނީ، ދީމް ނާދޭ ގެއަކަށް” ޒީވާ އާދައިގެ ގޮތަކަށް ބުނެލިއެވެ.

“އާން! އަދި ނާދޭ… އެކަމަކު ޒީ ވާނެ ތީގައި ތިއޮތް އެއްޗެއް މަންމައަށް ވެސް ދައްކާލަން” މޫނިސާ ހީނލަމުން ޒީވާގެ އަތުގައި އޮތް ޕާރުސަލަށް ލޮލުން އިޝާރާތްކޮށްލިއެވެ.

ކޮޓަރިއަށް ވަދެގެން އައި ޒީވާ ރީތިވާ މޭޒުމައްޗަށް ޕާރުސަލު އެއްލާލުމާއިއެކު އައިސް އެނދުމައްޗަށް ބަންޑުން ވެއްޓިގަތެވެ. އަދި ބޯއަޅާ ބާލީސް ގެނެސް އޭގައި ބާރަށް ބައްދާލަމުން އޭގެ ތެރޭ މޫނު ފޮރުވާލިއެވެ. ދާދި ކުޑަ ހިނދުކޮޅެއްގެ ތެރޭ ޒީވާއަށް ލިބިގެން ދިޔަ ހާސްކަމުގެ އުދާސްތައް ބޭރުވާންފެށީ އޭނާގެ ދެލޮލުންނެވެ. ބާލީހުގައި މޫނު ފޮރުވައިގެން އޮތްއިރު ވެސް އޭނާ ރޯއަޑު ކޮންމެވެސް ވަރަކަށް އިވެމުންދިޔައެވެ. އަމިއްލަ ޟަމީރާ އޭނާ ޝަކުވާކުރިއެވެ. ކެތްކުރަންވީ ކިހާ ދުވަހަކު ކަމާއިމެދު އޭނާ ސުވާލު ކުރިއެވެ. އެއްކަމެއް ނެތިއްޔާ އަނެއްކަމެއް އޭނާއާ ކުރިމަތި މިވަނީ އޭނާއަށް ކޮންކުށެއް ކުރެވިގެންބާއޭ އަމިއްލަ ނަފްސާ އެތައްފަހަރަކު ސުވާލުކުރިއެވެ. ސިކުނޑިއަށް ލުޔެއް ލިބުމުގެ ބަދަލުގައި އޭނާގެ ސިކުނޑިއަށް ހައްތަހާވީ ބަރެވެ. މަޑުމަޑުން ފިލަމުން އައި ރިހުން ކުއްލިއަކަށް ގަދަވި ކަހަލައެވެ. އަދި އެ ވޭންތަކަށް ޝިފާ ލިބޭނޭ ބޭހެއް ނެތް ކަހަލައެވެ. އެތައްއިރަކު ރުއިމަށްފަހު ޒީވާއަށް އޭނާގެ ދެލޯ މަރާލެވުނެވެ. ވަރުބަލިކަމާއިއެކު ނިދީގެ ތެރެއަށް ގެބިންގެން އޭނާ ދިޔައީ އޭގެ ފަހުގައެވެ.

ރާކިޒު، ޒީވާ ބައިވެރިކޮށްގެން ކުރާ ދެވަނަ މަސައްކަތް ފެށުމަށް ހުރިހާ ކަމެއް ތައްޔާރުވުމުން އޭނާ ފުރަން ހަމަޖެއްސީ އާދައިގެ މަތިން ހަވީރުއެވެ. ނަމަވެސް މޫސުން އެހާ ރަނގަޅު ނުވުމުގެ ސަބަބުން ޝޫޓު ކުރަން ހަމަޖެހިފައި އޮތް ލޮކޭޝަން ހުޅުމާލެއަށް ބަދަލުކުރުމުން ޒީވާ ހުރީ ވަރަށް ބޮޑަށް ހިތްހަމަޖެހިފައެވެ. ޝޫޓުކުރަން ހަމަޖެހިފައި އޮތް ގަޑިއަށް ރާކިޒު، ޒީވާ ގޮވައިގެން ހުޅުމާލެއަށް އެރިއެވެ. ރާކިޒުގެ ސައިކަލު ފަހަތަށް އަރަންޖެހުމުން އޭނާ އިނީ އިނދެވޭނޭ އެންމެ ދުރެއްގައެވެ. އެކަން ރާކިޒަށް ވެސް ފާހަގަކުރެވުނެވެ. އޭނާއާ ވަރަށް ގާތުގައި ޒީވާ އިނުމަށް ބޭނުންވިޔަސް އެހެން ބުނުން ރާކިޒަށްވީ ލަދުވެތި އަދި ހުތުރު ވެސް ކަމަކަށެވެ. ކުރިއަށް ވުރެ ވެސް ޒީވާ ބަސްމަދުވެއްޖެކަން ރާކިޒަށް އެނގުނެވެ. އޭނާގެ މައިންބަފައިންނާ ބައްދަލުކުރި ރެއިން ފެށިގެންނެވެ. އޭނާ އެއްޗެކޭ ބުންޏަސް އަވަހަށް “އާން! ހޫން!” އެއް ލައްވާލާފައި ނިންމާލަނީއެވެ.

ހުޅުމާލޭގެ ގެސްޓު ހައުސް އެއްގައި ރާކިޒުގެ މުވައްޒަފުން އެމީހުންގެ ހުރިހާ ސާމާނުތައް ބަހައްޓައިގެން ތިބެ މަސައްކަތް ފެށީ ހެނދުނުއެވެ. ދެ ވަގުތެއް ދައްކުވައިދޭ އިސްތިހާރެކެވެ. ހަމައެއާއެކު ވާރޭ ވެހިގަންނަ ސީންއެއް ވެސް ހިމަނާގޮތަށް ނިންމާފައި އޮތެވެ. މަސައްކަތުގައި އުޅުނު އިރު ދޭތެރެއަކުން ޒީވާގެ ނަޒަރު ގޮސް ހުއްޓެނީ އަކްމަލްއަށެވެ. ހަށިގަނޑުގެ މަސްތައް ކުރިއަށްވުރެ ރީތިވެފައި ރޫފަ ރަނގަޅު ވައްތަރު ޖަހައެވެ. އޭނާގެ ފަންއިސްތަށިގަނޑު ނިންމަތިން ކުޑަކޮށް ދިގުކޮށް ހުރިއިރު ފަހަތުންވަނީ ތުނިކޮށްލެވިފައެވެ. އެހެން ހުރުމުން އޭނާގެ ފަހަތުން ފެންނަ މީހަކަށް އެއީ އަކްމަލްއޭ ބުނާކަށް ނޭނގޭނެއެވެ. އޭނަގެ އަތާއި ކެމެރާ ވަކިވާ ވަގުތެއް ނާދެއެވެ. ދޭތެރެއަކުން ޝޫޓު ކުރަން ގެންގުޅޭ ކެމެރާގައި ލޯޖައްސާލުމަށްފަހު ބަލާލައެވެ. އަދި ލައިޓިން ހުރި ގޮތުގެ ސަބަބުން އެކަމާ ކައިރީގައި އުޅޭ މީހުންނާ މަޝްވަރާކުރަން މަޑުކޮށްލައެވެ. އެއްފައި މައްޗަށް ހުއްޓިލައިގެން އެހެން ހުންނައިރު ދޭތެރެއަކުން ނިތްމައްޗަށް ވެއްޓޭ އިސްތަށިތައް އިނގިލިތަކުން އަތްފުނާ އަޅާލާފައި މައްޗަށް ޖައްސާލަމުން ބޯތަޅުވާލައެވެ. އަވި އައިނުގެ ތެރެއިން އެ މަންޒަރުތައް ބަލަން އިން ޒީވާގެ ނޭވާ ކުރުވާގޮތްވިއެވެ. ހިންދިރުވާ ލެވުމާއިއެކު ބޭއިޙްތިޔާރުގައި ދެއަތްދެއަތާ ލާ ބާރުކޮށްލެވުމާއިއެކު އިސްޖަހާލެވުނެވެ. ހީވީ އޭނާއަށް ކުރެވުނީ އެއްގޮތަކަށް ވެސް އޭނާ ކޮށްގެން ނުވާނޭ ފަދަ ކަމެއް ހެންނެވެ. އެވަގުތު އޭނާގެ މޭކަޕް ކޮށްދޭން ހުރި ހަނާ އަނެއްކާ ވެސް ޒީވާގެ އިސް އުފުލާލުމާއިއެކު މޫނު ކޮޅުކޮޅަށް އެނބުރުމުގެ ބަދަލުގައި އެއްގޮތަކަށް ބެހެއްޓުމަށް ބުނެލިއެވެ. ދެން ވެސް ނުބަލަން ހުއްޓަސް ކުރިމަތީގައި ތަންކޮޅެއް ދުރުގައި ހުރި އަކްމަލް ހަރަކާތްތެރި ވާތަން ޒީވާއަށް ފެނުނެވެ. ދޭތެރެއަކުން ރާކިޒު ގޮސް އޭނާގެ ގާތުގައި މަޑުކޮށްލާފައި ކޮންމެވެސް ކަމަކާ ވާހަކަދައްކާލައެވެ. ހަނާ، ޒީވާގެ ލޮލުގައި އޮތް އައިނު ނެގުމާއިއެކު އޭނާ ބޭޒާރު ވެދާނޭތީ ޖެހިލުންވިއެވެ. އަވަހަށް ދެލޯ މަރާލެވުނީ އެހެންވެއެވެ.

“ވަރަށް އަވިގަދަ ދޯ” ޒީވާ ދެލޯ މަރާލައިގެން އިނުމުން ސަމާސާ ގޮތަކަށް ދިމާކޮށްލަން ވެގެން ހަނާ ބުނެލިއެވެ. އުޑުމަތި ފެންނަނީ ބަނަކޮށް ނަމަވެސް ޒީވާ އެކަމަށް އެއްބަސްވެލިއެވެ.

“ހިނގާ ފަށަމާ، މިހެން އޮވެފައި މޫސުން ގޯސްކޮށްލައިފިއްޔާ ވަރަށް ސަކަރާތްވީ، ރަނގަޅު މަންޒަރެއް ނަގާ ނުލެވޭނެ” ރާކިޒު އަންގާލިއެވެ. އެއާއެކު ހަނާ އާއިއެކު އޭނާގެ އެކުވެރިޔާ ޒީވާ ތައްޔާރުވެއްޖެކަމުގައި ބުނެލިއެވެ.

މިފަހަރު ޒީވާއަށް އިރުޝާދު ދޭން ހުރީ ނަޖުމްއެއް ނޫނެވެ. އޭނާ އެމީހުންނާ ވަކިވީއެވެ. އޭނާގެ ހުރިހާ ކަމަކާ ހަވާލުވީ އަކްމަލްއެވެ. ޒީވާ، އަކްމަލްގެ އިރުޝާދާ އެއްގޮތަށް ކަންތައްކުރެވޭތޯ ބެލިއެވެ. އެހެންނަމަވެސް ކޮންމެ ކަމެއް ދެފަހަރަށް ވަރު ކޮށްގެން ނޫނީ ރަނގަޅެއް ނުވެއެވެ. މާބޮޑަށް ޒީވާ ފިނިވެ ހާސްވާގޮތްވަނީއެވެ. އޭނާގެ ކޮންމެ ހަރަކާތަކާއި ބަނޑިއެއް އަކްމަލްގެ ކުރިމަތީ ލައްވާލަން ވުމުން ހިތަށް ބުނެދޭން ނޭނގޭ ގޮތްތަކެއް ވަނީއެވެ. ނަސީބަކުން އެވަގުތަށް ނަގަން އޮތް މަންޒަރު ނަގާ ނިންމާލެވުނެވެ. ޒީވާ އަވަސްވެ ގަތީ އަކްމަލްގެ ކުރިމަތިން ގޮސް ގެއްލޭށެވެ. އެކަން އެވަގުތަށް ކާމިޔާބު ކުރެވުނެވެ.

މެންދުރު ފަހުގައި އިތުރު މަންޒަރެއް ނަގަން ހަމަޖެހިފައި އޮތުމުން ޒީވާއަށް ވެސް މާލެ އާދެވޭ ގޮތެއްނުވިއެވެ. ރާކިޒު އެދުނީ އެކޮޅުގައި ހަނާ މެންނާއެކު މަޑުކުރުމަށެވެ. ޝޫޓިން އެއްކޮށް ނިންމައިފައި ދިއުމަށެވެ. އިރުއިރުކޮޅާ މާލެ ގޮސްފައި އެނބުރި އަންނަންވީމާއި އުނދަގޫ ވާނެއޭ ކިޔާފައެވެ. ހަވީރުގެ ވަގުތުގައި ވާރޭ ވެހިއްޖެނަމަ ނަގަން އޮތް މަންޒަރުތައް ނެގުމަށް ފަސޭހަވާނޭ ކަމުގައި އެންމެން ބުނަމުންދިޔައެވެ. އެހެންނަމަވެސް ރަތްކުލައިގެ ވިލާތަކުން އުޑުމަތި ބަނަކޮށްލުމާއިއެކު ވައިގަދަވުން ނޫންކަމެއް ނުވިއެވެ. ނިޔާޒު އިތުރަށް މަޑުކުރާކަށް ބޭނުމެއްނުވިއެވެ. މޫސުމުގެ ގޮތުން މިހާރު ވެސް ފަޒާ ދައްކަނީ އަނދިރިވެފައި އޮތްހެނެވެ. ވީއިރު އިރުއޮއްސެން ކައިރިވާ ވަރަކަށް އަނދިރިކަން ގަދަވާނޭކަން އެނގޭތީ އޭނާ ރާކިޒާއި ވާހަކަދެއްކުމަށްފަހު ޝޫޓިން ފެށިއެވެ. ފެންޖަހަމުން ދިޔަ އިރު ޒީވާ ވާރޭގެ ތެރޭގައި ހިނގާލާފައި އަންނަ ކަހަލައެވެ. ވަކި ހިސާބަކުން ވާރޭ މާބޮޑަށް ބޯކޮށްލުމުން އޭނާ ދުއްވައިގަންނަނީ އަސްކަންޏެއްގެ ދަށަށް ވަނުމަށެވެ. އަކްމަލް ބޭނުންވާ ގޮތަށް އެ މަންޒަރުތައް ނެގުނީ އެތައް ފަހަރަކު ޖައްސައިގެންނެވެ. ތެމިފައިވާ މަޑު ނޫކުލައިގެ ހެދުމުގައި ޒީވާ ފެންނަން ހުރި ގޮތުން އަކްމަލްގެ ސަމާލުކަން އެހެން މިސްރާބަކަށް ދީއްލާލި ކަހަލައެވެ. އަދި އޭނާގެ ހަށިގަނޑުގެ ހިއްސުތަކާއި ޒީވާ ކުޅެލި ކަހަލައެވެ. ރަނގަޅަށް ހުރިހާ މަންޒަރެއް ނަގާ ނުނިމެނީސް ތުނިތުނިކޮށް ކަނި ޖަހާލުމާއިއެކު ބަރުވެފައި ހުރި ވިލާތަކުން ބޯކޮށް ވާރޭ އޮއްސާލިއެވެ. އެންމެން ގެސްޓު ހައިސް އާއި ދިމާލަށް ދުއްވައިގަތެވެ. ޒީވާ ހިޔާވުމަށް ވަދެ ހުރި އަސްކަނި ދަށަށް ވަނުމަށް އަކްމަލްއަށް ދުއްވައިގަނެވުނެވެ. ބޭއިޚްތިޔާރުގައި ހުރެ ވަށައިގެން ވިއްސަމުން ދިޔަ ވާރޭ ތިކިތަކުން ކެމެރާ ސަލާމަތްކުރުމަށް އަކްމަލް އެނބުރިލިތަނާ ކެމެރާއިން ޖެހުނީ ޒީވާގެ އަތުގައެވެ. އެއާއެކު ދާދި ގާތުގައި ތިބެވުނު ދެޒުވާނުންގެ ނަޒަރު ބައްދަލުވެގެންދިޔައެވެ. މުތީތަކެއްފަދައިން ޒީވާގެ މޭކަޕް ކުރެވިފައި ހުރި މޫނުން ފެންތައް ފައިބައިގެން ދިއުމުގެ ބަދަލުގައި ހަރުލާފައި ހުއްޓެވެ. ނޭވާ ހިފަހައްޓާލައިގެން ހުރި ފަދަ ގޮތަކަށް ޒީވާ ބަލަން ހުއްޓެވެ. އަކްމަލް ނަޒަރު ތިރިކޮށްލުމާއިއެކު ކުރިމަތިން ވެހެމުންދިޔަ ބޯ ވާރޭގެ ތެރެއަށް އޭނާގެ ނަފްސު ދޫކޮށްލަން ބޭނުންވި ކަހަލައެވެ. ނަމަވެސް ފެންކަޅިވަމުން ދިޔަ ޒީވާއަށް އެހެން ދިމާލަކަށް މޫނު އަނބުރައެއް ނުލެވުނެވެ. އޭރު މަގުމަތިން އެއްވެސް ބަޔަކު ފެންނާކަށް ނެތެވެ. ރާކިޒާއި އެހެންމީހުން ގޮސް ގެސްޓު ހައުސްތެރެއަށް ވަނީކަން ޔަޤީނެވެ. ކުއްލިއަކަށް އަކްމަލްއަށް ވީގޮތެއް ނޭނގެއެވެ. އޭނާގެ އަތުގައި އެލުވާލާފައި އޮތް ކެމެރާ އާއިއެކު ވާރޭގެތެރެއަށް ނިކުމެ ކުރިއަށް ހިނގައިގަތެވެ. އެތަން ބަލަންހުރި ޒީވާގެ ފައި ހަރަކާތްކުރީ އޭގެ އަމިއްލަ ޒާތުގައެވެ. އަކްމަލްގެ ފަހަތުން އޭނާ ހިނގައިގަތެވެ. މަޑުމަޑުން ހިނގަމުންދިޔަ އަކްމަލް އާއި ޒީވާ އައިސް އެއްވަރު ކުރިއެވެ. ކުރިމައްޗަށް ބަލަހައްޓައިގެން ހުރެ އަކްމަލް ހިނގަމުން ދިޔަ އިރު ހީވަނީ އޭނާ ހުރީ ވަކި ގޮތެއްގެ މަތީ ފައިތިލަ ސާބިތުކޮށްގެން ހެންނެވެ. ރޮވެމުންދިޔަ ޒީވާގެ ނަޒަރު އަކްމަލްއަށް ހުއްޓިފައި ހުރިއިރު އޭނާއާ އެއްވަރަށް ފަހަރަކު ފިޔަވަޅެއް އަޅަމުން ދިޔައީ އެކުއެކީގައި ކަހަލަ ގޮތަކަށެވެ. އޭރު އަކްމަލްގެ ލޮލުން ފޭދިގެން ފައިބައިގެން ދާ ކަރުނައިގެ އަސަރެއް ޒީވާއަކަށް ނުފެނެއެވެ. އެ މޫނު މަތީގައި އެއްވެސް އަސަރެއް ނުވާ ކަހަލައެވެ. އެންމެ ފަހަރަކު ވިޔަސް ޒީވާއަށް ބަލާލަން ބޭނުންނުވާ ކަހަލައެވެ. ހަމަ އެންމެ އިޝާރާތަކަށް ބޭނުންވެފައި ހުރި ޒީވާގެ ކެތްތެރިކަން ކޮޅުން ލުމާއިއެކު އަނގައިން ނިކުތް އާހާއެކު ބާރަށް ރޮވިއްޖެއެވެ. އެއާއެކު ކައިރީގައި ހުރި ގަހުގައި އެއްއަތުން ހިފަހައްޓާލެވުމާއިއެކު އިސްޖަހާލެވިއްޖެއެވެ. ކުރިއަށް އަޅައަޅާ ހުރި ފިޔަވަޅާއިއެކު އަކްމަލް ގަނޑުވި ކަހަލައެވެ. ސިއްރުސިއްރުން އިސްތިރިކޮށްލުމާއިއެކު ލޮލުގެ ހިމަކޮޅުން ކަހަލަ ގޮތަކަށް ޒީވާއަށް އޭނާ ބަލާލިއެވެ.

“އަކްމަލް….” ދުވަހަކު ވެސް ޒީވާގެ ފަރާތުން އިވިފައި ނުވާ ހިތްދަތި އަޑަކުން ޒީވާ ގޮވާލިއެވެ.

ކުޑައެއް ހިފައިގެން އައި ރާކިޒަށް ދުރުގައި ބަލަހައްޓައިގެން ހުރެވުނީ ހައިރާންވެ އަންތަރީސް ވެފައެވެ. އޭނާގެ ކުރިމަތިން މި ފެންނަނީ ކޮންކަހަލަ މަންޒަރެއްބާއޭ ހިތަށް އަރާފައެވެ. ރޮމުން ދިޔަ ޒީވާ ދެކަކޫ މައްޗަށް ތިރިވިއިރު އެއްފަރާތުގައި އޭނާއަށް ބަލާނުލާން މަސައްކަތް ކުރަމުން ދިޔަ އަކްމަލް ހުރީ އެއްއަތުން އޭނާގެ ލޯނިވާކޮށްލައިގެންނެވެ. އޭނާ ވެސް ރޮނީކަން ރާކިޒަށް އެނގެއެވެ. ދުވެފައި ޒީވާގެ ގާތަށް އަންނަން ރާކިޒު ބޭނުންވިއެވެ. އެހެންނަމަވެސް ކީއްވެކަމެއް ނޭނގެއެވެ. އޭނާއަށް ހުއްޓުން އަރާފައި ހުރި ގޮތަށް ހުރީއެވެ. ޒީވާ އާއި އަކްމަލްގެ ހަރަކާތްތައް ދެނެގަންނަން މަސައްކަތްކުރާ ފަދަ ގޮތަކަށް ބަލަހައްޓައިގެންނެވެ.

“އަކްމަލް…” ޒީވާ އަނެއްކާ ވެސް ގޮވާލުމާއިއެކު އޭނާގެ ދެއަތް އަކްމަލްއަށް ދިއްކޮށްލީ އެ ލޯތްބަށް ސަލާންޖަހަމޭ ބުނާ އުސޫލުންނެވެ.

“އަހަރެންގެ އަތުގައި ޒީވްއަށް ދޭނެ އެކައްޗެއް ވެސް ނެތް، ޕްލީޒް ޒީވް، ތިހެން ނަހަދާ… ކޮޅަށް ތެދުވޭ…” ހިތުގައިޖެހިފައި ހުރި އަކްމަލް ބުނެލިއެވެ. ހަޤީޤަތުގައި ޒީވާ އެހާލުގައި ދެކޭކަށް އަކްމަލް ބޭނުމެއްނޫނެވެ.

“ތިހެން ނުބުނޭ އަކްމަލް” ޒީވާ އިންގޮތަށް އިނދެ ބުނެލިއެވެ.

“ޒީވް އާދޭސް މިކުރަނީ، އަހަރެންގެ ކެތްތެރިކަން ކޮޅުންލިޔަ ނުދީ، މީހެއްގެ ހައްޤަކަށް އަތްލަން އަހަންނަށް މަޖުބޫރު ނުކުރޭ” ކަރުބުޑުގައި ތާށިވަމުން އައި އަކްމަލްގެ ކުރަކިއަޑުން ބުނެލިއެވެ.

“އަހަންނަކީ އަބަދު ވެސް އަކްމަލްގެ ހައްޤެއް، މުޅި އުމުރު ވެސް ބޭނުންވަނީ އެގޮތުގައި ހުންނަން… ދެން ކީއްވެ އަކްމަލްގެ އަމިއްލަ ހައްޤު ހޯދަން މަސައްކަތް ނުކުރަންވީ، ހެޔޮނުވާނެ އަކްމަލް… އަހަރެން… އަހަރެން… މަރުވެދާނެ” ގިސްލެވިފައި އިނދެ ޒީވާ ބުންޏެވެ. އެހިނދު އަކްމަލް އެނބުރި ޒީވާއަށް ބަލާލިއެވެ. އަދި މަޑުމަޑުން ޒީވާގެ ގާތުގައި ދެކަކޫ ޖަހާލުމާއިއެކު އެ މަޑުމަޑު އަތްތިލާގައި ދެއަތުން ހިފާލިއެވެ.

“ޒީވް، ދެން ރާކިޒު… އެންމެން ވެސް ބުނަނީ ޒީވްއަކީ ރާކިޒުގެ ހައްޤެއްކަމަށް، އަހަންނަށް ޒީވްގެ ޚިޔާލުތަކާއި ދުރެއް ނުވެވުނު، ލޯބިވުން ހުއްޓައެއް ނުލެވުނު… މި ހިތް ހާދަ ރުއިމެއް ރޮއެފިޔޭ…. ހާދަ ވޭނެއް ބަރުދާސްކޮށްފިއްޔޭ…” ޒީވާގެ އަތްތިލަ ގެނެސް އަކްމަލްގެ މޭގައި ޖައްސާލުމާއިއެކު އޭނާއަށް ރޮވެނީއެވެ. ލޯތްބާއިއެކު ޒީވާ، އަކްމަލްގެ މޫނުގައި ދެއަތުން ހިފާލާފައި ގެނެސް އޭނާގެ މޭގައި ބޮނޑިކޮށްލިއެވެ.

“ހަމަ އެންމެ ފަހަރަކު އަކްމަލް އަހަރެންދެކެ އަދިވެސް ލޯބިވޭ ބުނިނަމަ، އޭރުން މިހިތަށް މިހާ ދުވަހު ކެތްކުރާކަށް ނުޖެހުނީސް، ވޭނެއް ވެސް ނޭޅީސް، ހަމަ އެހާ ހިތްހަރުވީތަ… އަކްމަލް ދިޔަ ފަހުން މިހިތަށް ވަގުތު ހުއްޓިފައިވާ ކަހަލަ، އެނބުރި އަންނާކަށް ބޭނުމެއްނުވިތަ؟” ޒީވާ ރޮމުން ބުނެލިއެވެ. އެއާއެކު ޒީވާގެ މޭގައި މޫނު ފޮރުވާލައިގެން އިނދެ އަކްމަލް ނޫނެކޭ ބުނުމަށް ބޯތަޅުވާލިއެވެ. އަދި ޒީވާގެ ވަށާލި ދެއަތުން އަކްމަލް އޭނާ ގެނެސް ގަޔާލާ ބޮނޑިކޮށްލިއެވެ. އެތައް ދުވަހެއް ވަންދެން ހިފަހައްޓައިގެން ހުރި ކަރުނަތައް ލޯބިވެރިޔާގެ އުނގުގައި ފޮރުވާލަން އަކްމަލް ބޭނުންވިއެވެ.

ކުޑައިގައި ވައިއަޅާލުމާއިއެކު ސިހިގެން ދިޔަ ރާކިޒުގެ ދެލޯ ހުރީ ފެންކަޅިވެފައެވެ. ދެލޯ މަރާ ބާރުކޮށްލުމާއިއެކު އޭނާ ހުޅުވާލީ ފެނުނީ ނުބައި ހުވަފެނަކަށް ވެދާނޭ ހީކޮށްގެންނެވެ. ނަމަވެސް އޭނާގެ ކުރިމަތީގައި އެކަކު އަނެކަކުގެ އަތުތެރޭ ޒީވާ އާއި އަކްމަލް ވިއެވެ. އޭނާގެ ހިތް ހުއްޓޭވަރުވިއެވެ. އައިކޮޅަށް ފަހަތަށް ފިޔަވަޅު އަޅާލުމާއިއެކު އެނބުރި ގެސްޓު ހައުސްއަށް ދިޔައެވެ.

އަކްމަލްގެ އެހީގައި ތެދުވި ޒީވާ އޭނާ ގެނެސް ނިތުގައި ބޮސްދިނެވެ. އަދި ދެމީހުން އެކުގައި ގެސްޓު ހައުސް އާއި ދިމާއަށް ދިއުމަށް ހިނގައިގަތެވެ. ޒީވާ އާއި އަކްމަލް ގާތްގާތުގައި ތިބެގެން އައިސް ގެސްޓު ހައުސްގެ ތެރެއަށް ވަންއިރަށް އެންމެން ސުވާލު ކުރަންފެށިއެވެ.

“މިއިން އިރަކު ވާރޭ ހުއްޓާނުލާނޭހެން ހީވާތީ ތެމިގެން ވިޔަސް މިއައީ، ޒީވް… ޒީ… ބަހައްޓާފައި އަންނާކަށް ނުވާނެ އެއްނު” އަމިއްލަ ގޮތެއް ބޭނުން ކުރުމުގެ ބަދަލުގައި އަކްމަލް އެހެންމީހުން ކިޔާއުޅޭ ނަމުން ޒީވާއަށް މުޚާތިބުކުރިއެވެ.

“ބޮސް ކުޑައެއް ހިފައިގެން ޒީ ބަލާ ދިޔަ” ނިޔާޒު ބުނެލިއެވެ. އެއާއެކު ޒީވާ އާއި އަކްމަލްއަށް އެކަކު އަނެކަކަށް ބަލާލެވުނީ ބޭއިޚްތިޔާރުގައެވެ. އެހިނދު ނިޔާޒު އަނެއްކާ ވެސް ވާހަކަދެއްކިއެވެ.

“ނުފެނުނު ދޯ، ބޮސް ބުންޏޭ ނުފެނުނޭ، ވައިގަދަ ކަމުން ކުޑަ ބިންދައިގެން ހިނގައިދާނޭތީ އައީ” ނިޔާޒު ބުނެލިއެވެ.

“އަހަރެން… ޗޭންޖުކޮށްލަން މިދަނީ” އެންމެނަށް ބަލާލަމުން އަކްމަލް ބުނެލިއެވެ.

“ރާކިޒު ކޮބާ؟” ޒީވާއަށް އެހެން އަހާލެވުނީ ކީއްވެކަމެއް ނޭނގެއެވެ. އޭނާވީ ކޮޓަރީގައި ކަމުގައި ނިޔާޒު ބުންޏެވެ. ޒީވާ ކޮންމެވެސް ފިކުރެއްގައި ހުރެ މަޑުމަޑުން ސިޑިން އަރައިގެން އޭނާގެ ކޮޓަރިއަށް އައިސް ވަނެވެ. އޭރު ހަނާ އާއި ޝައުފާ ހޫނުހޫނު ކޮފީ ބޯން ތިއްބެވެ.

“އޯ ގޯޑް… ޒީގެ މޭކަޕް” ޒީވާގެ ލޯކައިރިން އަނދުންތައް އެއްކޮށް ފޭދިގެން ފައިބައިފާ ހުރުމުން ބުނެލިއެވެ. އެކަމަށް އެއްވެސް ފަރުވާލެއް ނުދީ ޒީވާ ވަނީ އޭނާގެ ހެދުން ހިފައިގެން ފާޚާނާއަށެވެ.

ނިތްކުރީގައި ހިފަހައްޓާލައިގެން ފައިގައި ދެއުޅަންބޮށި ވިއްދާލައިގެން ރާކިޒު އިނެވެ. ދިގު ނޭވާތަކެއް ލަމުންދިޔައިރު އޭނާގެ ދެބުމަވަނީ ކައިރިކޮށްލެވިފައެވެ. ބަނަވެފައިވާ އުޑުމަތިހެން އޭނާގެ މޫނުމަތިން ވެސް ފާޅުވަމުންދިޔައީ އެކަހަލަ އަސަރު ތަކެކެވެ. ދޭތެރެއަކުން އަކްމަލްގެ ނަން ކިޔާލައެވެ. އެއްގޮތަކަށް ވެސް ހިތަކަށް ކުޅަދާނައެއްނުވިއެވެ. ފޯނު ނަގައި ސިމާކަށް ރާކިޒު ގުޅިއެވެ.

“ސިމާކު، އަހަންނަށް އަކްމަލްއަކީ ކާކުކަން ކިޔައިދީބަލަ” ސިމާކުގެ އަޑު ފޯނުން އިވުމާއިއެކު ވަގުތުން ރާކިޒު އެހިއެވެ.

“ކިހިނެއްވީ؟ އޭނާގެ ފަރާތުން އެއްވެސް ކަމެއް ފެނުނީތަ؟” ސިމާކު ވެސް ކަންބޮޑުވާގޮތްވިއެވެ.

“ފުރަތަމަ އަހަރެން ކުރި ސުވާލަށް ޖަވާބު ދީބަލަ” ރާކިޒުގެ އަޑުގައި ހުރި ނުތަނަވަސްކަން ސިމާކަށް ނަގައިގަނެވުނެވެ.

“ކަމަކާ ހިތްހަމަނުޖެހިފަތަ ތިހުރީ، ރުޅި އައިސްފައި ހުރިއްޔާ މިވަގުތު ރަނގަޅު ޑިޒިޝަނެއް މޭކް ނުކުރެވޭނެކަން އެނގޭތަ” ސިމާކު ޑޮކްޓަރެއްގެ ހައިސިއްޔަތުން ބުނެލިއެވެ.

“އަހަރެން މިހިރީ ރުޅި އައިސްފައެއް ނޫނޭ، އެކަމަކު ބޭނުންވަނީ އަކްމަލްއަކީ ކާކުތޯ އެނގެން، ސިމާކުގެ ޕޭޝެންޓެއްކަން އެނގޭ، އެކަމަކު އެވަރުން މިއަދު އަހަންނަކަށް ނުފުދޭ، ބުނެބަލަ… ކިޔާދީބަލަ… އެއީ ކާކުތަ؟ އޭނާގެ ސްޓޯރީއަކީ ކޮބައިތަ؟ ސިމާކު، އަހަރެން ސިމާކަށް އިތުބާރުކޮށްފައި އޭނާއަށް ވަޒީފާ ދިނީ، މިއަދު ނިކަން އަހަންނަށް އިތުބާރުކޮށްފައި އޭނާގެ ވާހަކަ ކިޔައިދީބަލަ” ކެތްތެރިކަން ކުޑަވެފައި ހުރި ގޮތަކަށް ރާކިޒު ވާހަކަދެއްކިއެވެ.

“އަހަރެން ރާކިޒަށް އިތުބާރު ކުރަން، އަދި ތިކޮށްދިން ކަންތަކަށް ޝުކުރުވެރި ވެސް ވަން، ކިޔައިދީފާނަން، އެކަމަކު އަހަންނަށް ވަޢުދުވޭ ކަމަކަށް… އެއީ ދުވަހަކު ވެސް މިވާހަކަތައް އިތުރު މީހެއްގެ ކަންފަތާއި ހަމައަށް ނާންނާނެކަމުގެ، އަހަރެން އޭނާގެ ވާހަކަ ކިޔައިދޭން މިއުޅެނީ މިއަދު ރާކިޒަކީ އޭނާގެ ވެރިމީހާގެ ގޮތުގައި ހުރި މީހާއަށް ވީމަ… އޭނާއަށް ވަޒީފާގެ ފުރުޞަތު ހޯދައިދިން ފަރާތަށް ވީމަ، ވަޢުދުވޭ މި ވާހަކަތައް އިތުރު މީހެއް ގާތު ނުދައްކާނަންކަމަށް” ސިމާކު ބުނެލިއެވެ. އެއާއެކު ނިކަން އަވަހަށް ރާކިޒު އެއްބަސްވެއްޖެއެވެ.

“ރާކިޒު، އަކްމަލްއަކީ އަހަރެންގެ ކުޑައިރުއްސުރެ ރަޙުމަތްތެރިއެއް، އަވަށްޓެރިއެއް… އަހަރުމެން ދެމީހުން އެކުގައި ބޮޑުވީ، އަހަރެންގެ މަންމަ އާއި އޭނާގެ މަންމައަކީ ވަރަށް ގާތް ދެ ރަޙުމަތްތެރިން، އެހެންވެ އަހަންނަށް އެގޭގެ ކަންކަން އެނގޭ، އަކްމަލް އަކީ ވަރަށް ހަރުދަނާ ޒުވާނެއް، ކިޔަވައިގެން ހުރި ޒުވާނެއް، ޒުވާން އުމުރުގައި އަންހެން ކުއްޖަކުދެކެ އިންތިހާއަށް ލޯބި ވެސް އޭނާވި، ކައިވެނީގެ ގޮށްޖަހާލަން ތައްޔާރުވެފައި ވަނިކޮށް އޭނާއަށް ލިބުނީ ދުވަހަކު ވެސް ތިމާގެ އެއްބަނޑު އެއްބަފާ މީހަކު ނުދޭނޭ ވަރުގެ ބޮޑު ކެއްސެއް… ދެރައީ އެކަން ކުރީ އޭނާގެ ދައްތައަށްވީމަކަން، އިންނަން ތައްޔާރުވެފައި ހުރި އަންހެން ކުއްޖާގެ އަބުރާއި އިއްޒަތް އޭނާއާއެކު މޮޑެވިގެން ދިޔައީ، ދެމީހުން ވެސް ފުލުސް ރިކޯޑަށް އެރީ، ބަންދުކުރީ، އެއާއެކު މީހުންނާ ކުރިމަތިލުމުގެ ހިތްވަރު ގެއްލި މާޔޫސްވީ، ލޯބިވެރިޔާއަށް ދައްކާނެ މޫނެއް ނޭނގި ފިކުރުކުރުގައި އުޅެން ހަދައިގެން ނުބައި މަގު ޚިޔާރު ކުރެވުނީ، އަކްމަލްއަށް ހީވީ އޭނާގެ ސަބަބުންނޭ މިހުރިހާ ކަމެއް މިގޮތަށް ދިމާވީ، އޭނާ މަސްތުވާތަކެތީގެ ތެރެއަށް ވަދެ ހަލާކުވެފައި ހުއްޓާ އަހަންނަށް ފެނުނީ، އޭނާއަށް އެހީވީ އަހަރެން، އެއީ އަހަރެންގެ ޒިންމާއެއް ކަމުގައި ދެކިގެން، ރީހެބްގައި އަހަންނާއިއެކު އޭނާ މަސައްކަތްކުރީ، ދުވަހަކު ވެސް އޭނާހާ ހިތްވަރު ކުރި ޒުވާނަކު އަހަރެން ރީހެބުން ނުދެކެން، އޭނާ ވެސް ހުރީ އެކަމުން ދުރަށްދާން ބޭނުންވެފައި ކަން އަހަންނަށް އެނގުނު، އަދި އޭނާގެ ފިކުރުތަކާއި ދުރުވުމަށް ބޭނުންވަނީ ޝައުގުވެރިކަމާއިއެކު އުޅެވޭނޭ މަސައްކަތެއްކަން އަހަންނަށް އެނގުނު، އެކަމަކު އެކަހަލަ މީހަކަށް ވަޒީފާ ދޭން އަދި ވެސް ދިވެހި މުޖުތަމަޢު ފަސްޖެހޭ، އެހެންވެ ރާކިޒުގެ އެހީ ހޯދީ… އަކްމަލްއަށް އަހަރެން އިތުބާރުކުރަން، ކޮންމެ ދުވަހަކު އޭނާ އަހަރެންގެ ގާތަށް އަންނާނެ، އޭނާ މަސްތުވާތަކެއްޗާ ކައިރި ނުވާކަމުގެ ޔަޤީންކަން އަހަރެން ދޭނަން” ސިމާކު ހުރިހާ ވާހަކައެއް ކިޔައިދިން އިރު ރާކިޒު އިނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ދުނިޔެ އެކި އިންސާނުންނާ ކުރިމަތި ކުރުވަނީ އެކިވަރުގެ އިމްތިހާނެވެ. އަކްމަލްއަކީ ނުހައްޤުން އަނިޔާލިބިފައިވާ ޒުވާނެކެވެ.

“ރާކިޒު، ދެން ބުނެބަލަ، ކީއްވެތަ ކުއްލިއަކަށް އަކްމަލްއަކީ ކާކުކަން އެނގެން ބޭނުންވީ” ސިމާކު އެހިއެވެ.

“އޭނާ ހުންނަ ގޮތުން އެނގެން ބޭނުންވީ، ސިމާކު، އޭނާ އިންނަން އުޅުނު ކުއްޖާ ވީތަނެއް އެނގޭތަ؟” ރާކިޒަށް ހީވާ ހީވުން ޔަޤީންކުރަން ބޭނުންވެ އަހާލިއެވެ.

“ނޫން، އެ މައްސަލައިގަ އެ އަންހެން ކުއްޖާގެ ޢާއިލާގެ މީހުން ތިބީ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައި، ފަހުން އެއްވެސް ޚަބަރެއްނުވޭ، އެ އަންހެން ކުއްޖާ ވެސް އަކްމަލްއާ އެއްވެސް ގުޅުމެއް ނުބާއްވާކަމަށްވަނީ” ސިމާކަށް އެނގިފައި އޮތްގޮތަށް ބުނެލިއެވެ.

“ތޭންކްސް…” އިތުރަށް ބުނާނެ އެއްޗެއް ނޭނގޭތީ ރާކިޒު ބުނެލިއެވެ. ސިމާކު ދެތިން އެއްޗެއް ބުނެލާފައި ކޯލު ކަނޑާލިއެވެ. ރާކިޒު ފޯނުގައި ހިފަހައްޓާލައިގެން އަނެއްކާ ވެސް ވިސްނުމުގެ ތެރެއަށް ގެއްލިފައި އިނެވެ.

“ރާކިޒު، ކޮފީ…” ދޮރުގައި ޓަކި ޖަހާލާފައި އެތެރެއަށް ވަން ނިޔާޒު ކޮފީމަގު ދިއްކޮށްލިއެވެ. އެއާއެކު ރާކިޒު ތެދުވެގެން އައިސް ކޮފީ މަގުގައި ހިފާލިއެވެ.

“މި ވާރޭގައި ޝޫޓިން ކުރިއަށް ގެންދަން އަހަންނަށް ފެންނަނީ، ނެޗުރަލް ވީމަ އަދި ވަކިން ރީތިގޮތެއް ހުންނާނެ” ނިޔާޒުގެ ޚިޔާލު ފާޅުކުރިއެވެ. ރާކިޒު ނޫނެކޭ ނުބުންޏެވެ. އޭނާ ނިޔާޒު ބޭނުންވާގޮތަށް ކުރިއަށް ގެންދިއުމަށް ބުނެލިއެވެ. އޭރު ވެސް އޭނާގެ ސިކުނޑީގައި ވަނީ އަކްމަލް އާއި ޒީވާއެވެ.

ވާރޭގެ ތެރޭގައި ނަގަންޖެހޭ މަންޒަރުތައް ނެގުމުގައި އެންމެންގެ އެހީތެރިކަން ބޭނުންވިއެވެ. ނަމަވެސް ރާކިޒު ހުރީ ދުރުގައި ބަލަހައްޓައިގެންނެވެ. އެހެން ހުރިއިރު ވެސް އޭނާއަށް ހީވަނީ އަކްމަލް އާއި ޒީވާ ސިއްރުން ވިޔަސް އެކަކު އަނެކަކަށް ބަލާހެންނެވެ. އަދި ސިއްރު މެސެޖުތައް ބަދަލުކުރާހެންނެވެ. ދޭތެރެއަކުން އެ ޚިޔާލުތައް ބޮލުތެރެއިން ނެރިލުމަށް ރާކިޒު ދެފަރާތަށް ބޯހޫރާލައެވެ. ފުރަތަމަ ފަހަރަށް ކުރިމަތިން ފެންނަން ހުރި ޒީވާއަށް ބަލަން ރާކިޒަށް އުނދަގޫވިއެވެ. އަދި ޒީވާއަށް އިރުޝާދު ދޭން ހުރި މީހަކީ އަކްމަލްއަށް ވީތީ އެކަމުން ވެސް އޭނާގެ ހިތަށް އުނދަގޫތަކެއްވާންފެށިއެވެ. ދިގު ދެމިގެން ނުގޮސް މަސައްކަތް ފުރިހަމަ ވުމުން ރާކިޒު ވެސް ބޭނުންވީ އަވަހަށް މާލެ ދިއުމަށެވެ.

“މިރޭ ނުވައެއްގެ ފެރީގައި  މާލެ ދާނީ، ހުރިހާ އެއްޗެއް ތައްޔާރު ކުރޭ” އިރުއޮއްސުނު ފަހުން ރާކިޒު ބުނެލިއެވެ. އެހެންނަމަވެސް އޭނާ ޒީވާއަށް މާބޮޑަކަށް ނުބަލައެވެ. އުޅުނީ ދުރުދުރުންނެވެ. އަކްމަލް އާއި ބައްދަލުކޮށްލާހިތުން އިން ޒީވާއަށް ރާކިޒަށް އައި އެއްވެސް ބަދަލެއް ފާހަގައެއް ނުކުރެވުނެވެ. އެންމެން އެއްތާކަށް ޖަމާވެ އޮލަވާހަކައިގައި ތިބި ވަގުތެއްގައި އަކްމަލް އައިސް ޒީވާގެ ގާތުގައި އިށީންނަމުން އެހެން މީހުންނަށް ނޭނގޭނޭ ގޮތަށް އޭނާގެ އަތަށް ކަރުދާސްކޮޅެއް ލާދިނެވެ. އޭގައި އަކްމަލްގެ ފޯނު ނަންބަރު ޖަހާފައި އޮތުމުގެ އިތުރަށް ހަތެއް ޖަހާލާއިރު ގެސްޓު ހައިސްއިން ބޭރަށް ނިކުމެލަން އެދިފައި އޮތެވެ. ކުއްލިއަކަށް ހާސްވެފައި ޒީވާއަށް ވަށައިގެން ނަޒަރު ހިންގާލެވުނެވެ. އަކްމަލް އޭނާގެ ގާތުގައި ނީނދެ ގެސްޓު ހައުސްއިން ބޭރަށް ނިކުތެވެ. އެކަކުވެސް އެކަމަށް ސަމާލުކަމެއް ނުދިނެވެ.

ވަގުތު ޖެހެން ގާތްވަމުން ދިޔަ ވަރަކަށް ޒީވާގެ ހިތް ބާރަށް ތެޅެމުންދިޔައެވެ. މީހަކު އޭނާއަށް ފާރަލާފާނެތީ ހިތްބިރު ގަންނަނީއެވެ. ޚާއްޞަކޮށް ރާކިޒަށް އެނގިދާނެތީ ޒީވާ ކަންބޮޑުވެއެވެ. އެކަމަކު އެއީ ކީއްވެކަމެއް އޭނާއަށް ވިސްނައިގަންނަން އުނދަގުލެވެ. މަޑުމަޑުން ފޯނު ކަންފަތުގައި ޖަހާލައިގެން ހުރެ ޒީވާ ތެދުވެގެން ދޮރުން ބޭރަށް ނިކުންނަން ދިޔައެވެ. އެވަގުތު ހަނާ ގޮވާލާފައި ކޮންތާކަށްތޯ އަހާލިއެވެ.

“އެބަ އަންނަން” އަވަސް އަރުވާލަފައި މިހެން ބުނެ ގެސްޓު ހައުސްއިން ނިކުތެވެ. އަދި އަތުގައި ބޮނޑިކޮށްލެވިފައި އޮތް ކަރުދާސްކޮޅު ހުޅުވާލުމާއިއެކު ޒީވާ އޭގައި އޮތް ނަންބަރަށް ގުޅާލިއެވެ. އެއާއެކު މަގުގެ އަނެއްފަރާތުން ތަންކޮޅެއް ދުރުގައި ހުރި އަކްމަލް އަތްހޫރާލިތަން ފެނުނެވެ. އަދި ފޯނަށް ޖަވާބުދެމުން ޒީވާގެ ގާތުގައި އެ ދިމާލަށް އައުމަށް އެދުނެވެ.

ޒީވާ އައިސް އަކްމަލްއާ ހަމަވާއިރަށް އޭނާ ޒީވާ ގެނެސް އެއަތުގެތެރެއަށް ލައިފިއެވެ. ލަދުން ގޮސް ޒީވާއަށް އިސްޖެހުނެވެ. އަކްމަލް ހީވަނީ ދެން ދުވަހަކު ވެސް ޒީވާ ދޫކޮށްލަން ބޭނުންނުވެގެން ހުރި ހެނެވެ. ތުނި ތުނިކޮށް ވެހެމުންދިޔަ ވާރޭގައި ކުއްލިއަކަށް އެމީހުންނާ ދިމާލަށް ސައިކަލެއްގެ އަލި އެޅުމާއިއެކު އަކްމަލް، ޒީވާގެ ގައިން ދޫކޮށްލިއެވެ.

“އަހަންނާއެކު މާލެ ދާންވީނު” ރާކިޒާއިއެކު ފެނުމުން އަކްމަލްގެ ހިތަށް އުނދަގޫވާތީ އޭނާއަށް ބުނެވުނެވެ.

“އޭރުން ރާކިޒު… މިވަގުތު އިހަށް ދާނީ އޭނާއާއެކު، އެކަމަކު ގެއަށް ދެވުމާއިއެކު އަހަރެން އަކްމަލްއަށް ގުޅާނަން، އޯކޭތަ އަހަރެން ގުޅިޔަސް” ޒީވާ އަހާލިއެވެ.

“އާން! މިރޭ އަހަންނާ އަދި ބައްދަލު ކުރާނަމޭ ބުނޭ، އަހަރެން ޒީވްއާ ބައްދަލުކުރަން ބޭނުން، އެނގޭތަ؟ އަހަރެންގެ ދިރިއުޅުން މިވަނީ އެއްކޮށް ބަދަލުވެފައި، އެކަމަކު ދެން އަލުން ޒީވް ދޫކޮށްލާކަށް ބޭނުމެއްނޫން… އަހަންނަށް މާފުކުރޭ ޒީވް، އަހަންނަށް އެނގޭ އަހަރެން ގުޅަން ޖެހޭނެކަން ޒީވްއަށް، އަހަރުމެން ދެމީހުން ވަކިނުވާނަންކަމަށް ވަޢުދު ވެސް ވިން، އެކަމަކު… ޒީވްއަށް އަހަރެންގެ ފަރާތުން އެ ވަރުގެ ބޮޑު ދެރައެއް ލިބުނީމަ އަހަރެންގެ ހިތަށް ކުޅަދާނަނުވީ، އިތުރަށް ޒީވްގެ ހަޔާތަށް އަހަރެން އަތުވެއްޖެނަމަ ހުރިހާ ކަމެއް ގޯހުން ގޯހަށް ނޫނީ ނުދާނޭ ހިތަށް އެރީ، ދުރުގައި ހުންނަން ކިތަންމެ އުނދަގޫ ނަމަވެސް އެގޮތަށް ނިންމީ އެހެންވެ، މިއަދު އެނގިއްޖެ އެއީ އަހަންނަށް މުޅި އުމުރުގައި ވެސް ނިންމުނު އެންމެ ގޯސް ނިންމުންކަން، ދުވަހަކު ވެސް އެ ލޯތްބެއްގެ މަތިން ހަނދާނުނެތޭނޭކަން އެނގޭއިރު ދުރުގައި ހުންނާނީ ކިހިނެއް، އަހަރެން ދުނިޔޭން މޮޔަނުވީ ކިރިޔާ… ޒީވް އާ މެދު އަހަންނަށް ވިސްނާލެވުނުނަމަ… އަހަންނަށް މާފުކުރޭ ޒީވް” ޒީވާގެ އަތުގައި ހިފާ ބާރުކޮށްލައިގެން ހުރެ ހިނގަމުންދިޔަ އަކްމަލް ވާހަކަދެއްކިއެވެ.

“އަކްމަލް ކުރިކަމެއް ނޫންކަން އަހަންނަށް އެނގެޔޭ، އަހަރެން އަކްމަލް ކުއްވެރިކުރީ އަހަންނަށް ނުގުޅީމަ، އަހަރެންގެ މަތިން ހަނދާންނައްތާލީ އޭ ހިތަށް އަރާފައި، އަހަރެން ހަޤީޤަތުގައި އަކްމަލްދެކެ ވަރަށް ލޯބިވޭ، އަހަންނަށް އެހެން މީހަކުދެކެ ލޯތްބެއް ނުވެވޭނެ، އަހަރެން އަކްމަލްއަށް މާފުކުރަން، އެކަމަކު ތި ހަޔާތުން އަހަރެން ބޭރުކޮށްލައިގެން ނުވާނެ، ކިތަންމެ ބޮޑު ހިތްދަތިކަމެއް ކުރިމަތި ވިޔަސް އަހަރެން އަކްމަލްގެ އެންމެ ގާތުގައި ހުންނާނަން، ހަމައެކަނި އަކްމަލްގެ ދިރިއުޅުމެއް ނޫން ބަދަލުވެގެން ދިޔައީ، އަހަރެން ވެސް ހާދަ ކަމަކަށް ކެތްކޮށްފީމޭ، މިއަދު އެއިން އެއްވެސް ކަމެއްގެ ހިތާމައެއް އަދި ބުރަކަމެއް އަހަންނަށް ނުލިބޭކަހަލަ، އިހުސާސް ވެސް ނުކުރެވޭ ކަހަލަ… އަކްމަލްގެ ގާތުގައި ލޯބިވާވަރު ހާމަކުރެވުމުން ހިތުގައިވާ ހުރިހާ ރިހުމެއް ފިލައިގެން ހިނގައްޖެ ކަހަލަ، އައި ލަވް ޔޫ…” ޒީވާގެ ހިނގުން މަޑުކޮށްލުމާއިއެކު އަކްމަލްގެ ގައިގާ ބައްދާލިއެވެ.

“އަހަރެން ވެސް ވަރަށް ލޯބިވޭ” ޒީވާ ގަޔާލާ ފިއްތާލަމުން އަކްމަލް ބުނެލިއެވެ.

ރާކިޒު އޭނާގެ ދަބަސް ތައްޔާރުކޮށްލުމަށްފަހު އެނދުގައި އޮށޯވެލައިގެން އޮތެވެ. ބޯދަށަށް ދެއަތްވައްދާލައިގެން އުއްޑުން އޮތްއިރު އޭނާ އޮތީ ބޮޑު ފިކުރެއްގައެވެ. އެހެންވެސް އޭނާއަށް މާގިނައިރަކު ނޯވެވުނެވެ. ދެފަރާތަށް ބޯހޫރުވާލަމުން ކުއްލިއަކަށް ތެދުވި ގޮތުން ހީވީ އޭނާ ކުރަން ބޭނުންނޫން ޚިޔާލުތަކެއް ސިކުނޑިން ނެރެލަން އުޅުނު ހެންނެވެ.

“ޒީ…” މަޑުމަޑުން ރާކިޒަށް ބުނެލެވުނެވެ. އަދި ތެދުވެގެން ކޮޓަރިން ނިކުމެގެން އައީ ޒީވާ ހޯދުމަށެވެ. ގެސްޓު ހައިސްގެ މެހެމާނުން މަޑުކުރާ ބައިގައި ރާކިޒުގެ މުވައްޒަފުން އޮލަ ވާހަކައިގައި ތިއްބެވެ. ފިނިކަމުން ކޮންމެ މީހަކު ވެސް ހަށިގަނޑު ހޫނު ކޮށްލުމަށް އަތުގައި ހޫނު ސައިތަށްޓެއް ނޫނީ ކޮފީ މަގެއް އޮތެވެ. އެމީހުންގެ ތެރެއިން ރާކިޒުގެ ލޮލުގައި ޒީވާއެއް އަޅައެއް ނުގަތެވެ. އެނބުރި އަންހެން ކުދިން ތިބުމަށް ހަމަޖެއްސި ކޮޓަރިއަށް ރާކިޒު އައިސް ވަނެވެ. ފާޚާނާއަށް ދަންދެން ރާކިޒު ބެލި އިރު ވެސް ޒީވާގެ އެއްވެސް ހިލަމެއް ނުވިއެވެ. ކީއްވެކަމެއް ނޭނގެއެވެ. އޭނާގެ ހިތަށް ފާޑެއްގެ ގޮތެއް ވެގެންދިޔައެވެ. ކަންބޮޑުވެ ހިތް ބިރުގަންނަ ފަދަ ގޮތްތަކެކެވެ. އަވަސް އަރުވާލާފައި ރާކިޒު ބެލީ އަކްމަލް ފެންނަ ހިސާބެއްގައި ހުރި ތޯއެވެ. އޭނާ ވެސް ފެންނާކަށް ނެތެވެ. ހިތާއި ސިކުނޑީގައި ނުބައި ޚިޔާލެއް އުފެދިގަތެވެ. އެހެންނަމަވެސް މީހެއް ގާތު ޒީވާ އާއި އަކްމަލް ކޮބާތޯ އަހާކަށް ރާކިޒު ބޭނުމެއްނުވިއެވެ. ފަހަރެއްގައި އެހެން މީހުން ހީކޮށްފާނޭ އެއްޗަކާއިމެދު ރާކިޒު ކަންބޮޑުވަނީއެވެ. ޖީބުގައި އޮތް ފޯނު ނަގާ ރާކިޒު ގުޅީ ޒީވާއަށެވެ.

“ކޮންތާކު؟ ހާދަ ހޯދައިފީމޭ” ރާކިޒު ވަގުތުން އަހާލިއެވެ.

“ބޭރުގައި…” ޒީވާގެ އަޑު ރާކިޒަށް އިވުނެވެ.

“މިއޮއްފިނީގައި ބޭރުގައި ކީއްކުރަނީ؟” ރާކިޒު ސުވާލުކުރިއެވެ.

“ރައްޓެއްސަކާއިއެކު… މިދަނީ” ރާކިޒު އިތުރު ސުވާލުތަކެއް ކޮށްފާނެކަމަށް ހީކޮށް ޒީވާ ބުނެލިއެވެ. އަދި ކޯލު ކަނޑާލިއެވެ. އެކަމާ ރާކިޒު ކުޑަކޮށް ހިތްހަމަނުޖެހުނެވެ.

ގެސްޓުހައުސްގެ ކުޑަދޮރުން ބޭރު ބަލަހައްޓައިގެން ހުރި ރާކިޒު މަގުގެ ދެފަރާތައް ބަލަމުން ދިޔައެވެ. އެހެން ހުއްޓާ އޭނާއަށް ހީވި ހީވުން ޔަޤީނަށް ބަދަލުވީ އަކްމަލް އާއި ޒީވާ އެކުއެކީގައި ތަންކޮޅެއް ދުރުން އެ ދިމާލަށް އަންނަތަން ފެނިފައެވެ. މެޔަށް ތޫނު ތަދެއް އިހުސާސްވެގެން ދިޔަ ފަދަ ގޮތެއް ރާކިޒަށްވީ ޒީވާގެ އަތުގައި އަކްމަލް ހިފާލައިގެން ހުރިތަން ފެނުމުންނެވެ. ވަކި ހިސާބަކުން އަކްމަލް ޒީވާގެ އަތުން ދޫކޮށްލާ ދުރަށް ޖެހިލިތަން ވެސް ރާކިޒަށް ފެނުނެވެ. އަދި ޒީވާ އައިސް ގެސްޓުހައުސްއާ އަރާ ހަމަވަންދެން އަކްމަލް ދުރުގައި މަޑުކޮށްލައިގެން ހުއްޓެވެ.

“އެ ދެމީހުން އެހެން ކަންތައް އެކުރަނީ މީހަކަށް އެނގިދާނެތީތަ؟ ނޫނީ އަހަންނަށް އެނގިދާނެތީތަ؟” ރާކިޒު އޭނާގެ އަމިއްލަ ހިތާ ސުވާލުކޮށްލިއެވެ. އޭނާއަށް ޒީވާ އާއި އަކްމަލްގެ ސިއްރު ގުޅުމާމެދު ހީކުރަންވީ ކިހިނެއްކަމެއް ނުވިސްނުނެވެ.

“ހިނގާ ދަމާ، ހުރިހާ އެއްޗެއް ރެޑީތަ؟” ޒީވާ އައުމާއިއެކު ރާކިޒު ބުނެލިއެވެ. އެއާއެކު ޒީވާ ބޯޖަހާލާފައި އޭނާގެ އެއްޗެހި ބަލާ ހިނގައިގަތެވެ.

“ބޮޑު ފޮށި ނިޔާމެން އަންނައިރު ގެންނާނެ، ޒީއަށް އޭތި ރައްދުކޮށްދޭނެ އެމީހުން، ޒީގެ ދަބަސް ހިފައިގެން އާދޭ އަހަންނާއެކު” ރާކިޒު މިހެން ބުނިއިރު އޭނާގެ ރާގު މުޅިން ބަދަލުވެފައި ހުރި ކަހަލައެވެ. ކުރިން ޒީވާއާ ވާހަކަދައްކާ ލޯބިވެތި ގޮތެއް އެއަޑުގައި ނެތެވެ.

ރާކިޒު އޭނާގެ ބުރަކަށީގައި ދަބަސް އަޅުވާލައިގެން ގެސްޓުހައުސްގެ ބޭރުގައި މަޑުކޮށްލައިގެން ހުއްޓެވެ. އެހެން ހުއްޓާ އަކްމަލް އައިސް ވަނެވެ. ރާކިޒު އަވަސް އަވަހަށް އެނބުރުނީ އަނެއްފަރާތަށެވެ. އަކްމަލް ވެސް ރާކިޒަށް ބަލާލަން ނުޖެހުމުން އަވަހަށް ގެސްޓުހައުސްތެރެއަށް ދެމިގަތެވެ. އޭރު ޒީވާ ވެސް އެނާގެ ދަބަސް އަޅުވާލައިގެން ނިކުންނަން އަންނަނީއެވެ. ދެމީހުންގެ ނަޒަރު ބައްދަލުވި ހިނދު އެކަކު އަނެކަކުގެ ހިތުގެ އަޑު ދެމީހުންގެ ކަންފަތުގައި ވެސް ޖެހުނު ކަހަލައެވެ. ދެމީހުން ވެސް ތިބީ އެކަކު އަނެކަކާއި ބައްދަލުވާނެ އިރެއްގެ އިންތިޒާރުގައި ކަމެވެ. އަކްމަލް ދޮރުގައި ހިފަހައްޓާލައިގެން ޒީވާ ނިކުންނަން ދެން ހުއްޓެވެ. އޭނާގެ ހިތުގެ ހިނގުން އަވަސްވެލީ ރާކިޒާއި ޒީވާ އެކުއެކީ ހިނގައިގަތުމުންނެވެ. އޭރު ވެސް ތުނިތުނިކޮށް ވެހެމުންދިޔަ ވާރޭއަށް ބަދަލެއް ނާދެއެވެ. ރާކިޒުގެ ސައިކަލު ފަހަތަށް އަރައިގެން ޒީވާ ދިޔައެވެ. މާލެއައުމަށް ފެރީގައި ތިބިއިރު ވެސް ރާކިޒު އިނީ ޒީވާއާ ދުރަށް ނަޒަރު ހުއްޓާލައިގެންނެވެ. ޒީވާ އިނީ އޭނާގެ ފޯނުގެ ތެރެއަށް ގެއްލިފައެވެ. އަކްމަލްގެ މެސެޖުތަކުން އޭނާގެ ތުންފަތަށް ވެރިވެފައިވާ ހިނިތުންވުން ފިލައިގެން ނުދެއެވެ.

ޒީވާ ގެއަށް ލުމަށްފަހު ރާކިޒު އައިސް ގަރާޖަށް ސައިކަލު ވެއްދީ ރޭގެ ބާކީ އޮތްބައިގައި އެއްގޮތަކަށް ވެސް ބޭރަށް ނިކުންނަން ބޭނުންނުވެފައި ހުރެއެވެ. އޭނާ ކޮޓަރިއާ ދިމާލަށް ދަނިކޮށް ހަމްދޫނާ ދިމާވިއެވެ. އެހިނދު ކުއްލިއަކަށް އޭނާގެ ސިކުނޑިއަށް ޚިޔާލެއް ވަނެވެ. އެހެންނަމަވެސް ވަގުތުގެ ގޮތުން ހަމްދޫނަށް އުނދަގޫކުރަން ރާކިޒު ހުރީ ބޭނުންނުވެފައެވެ. ކިތަންމެ ފިނިވެފައި ހުއްޓެއްކަމަކު ރާކިޒު ފާޚާނާއަށް ވަދެ ފެންވަރާލިއެވެ. ހީކަރުވައިގަނެގެން ހަށިގަނޑު ރޫރޫ އަޅާލިއެވެ. ފެންމާގަނޑުން އޮހިގަތް ފެންތަކާއިއެކު ރާކިޒުގެ ލޯ ކުރިމަތިން ހީވީ ވެހެމުންދިޔަ ބޯވާރޭގެތެރޭ އަކްމަލްގެ އަތުގެ ތެރޭގައި ޒީވާ އިން މަންޒަރު ސިފަވެގެން ދިޔަހެނެވެ. އެއާއެކު ފާޚާނާގެ ފާރުގައި ބޯޖައްސާލަމުން މަޑުމަޑުން ފާރުގައި ބޯތަޅާލިއެވެ. ފެންވަރައިގެން ރާކިޒު ނިކުން އިރު ވެސް އޭނާގެ ބޯހަމަޖެހޭ ގޮތެއް ނުވިއެވެ. ހިތާއި ސިކުނޑީގައި ޒީވާ ނޫން މީހެއްގެ ޚިޔާލެއް ނުވެއެވެ.

“އަހަންނަށް މާ ލަސްވީތަ؟ އަހަންނަށްވުރެ ކުރިން އަކްމަލް، ޒީއަށް ލޯބި ހުށަހެޅީތަ؟ އެކަމަކު އަހަންނަށްވުރެ ޒީ އުފަލުގައި ބެހެއްޓޭނެ ދެވަނަ އިންސާނަކު ނުހުންނާނެ، އެކަން ޒީއަކަށް ނޭނގޭތަ؟ މިއަދު އަހަރެންގެ ހިތަށް ވަރަށް ތަދުވެއްޖެ. މީ ކެތްވާވަރުގެ ވޭނެއްނޫން، އަހަރެން ހާދަ ލޯބިވެޔޭ ޒީ ދެކެ… އެހެން ނުބުނާތިތަ ނޭނގުނީ، އެކަމަކު ލޯބިވާ ވާހަކަ ބުނުން ހަމަ އެހާ މުހިންމުތަ؟ ނުބުނިއްޔާ ނޭނގޭނޭތަ؟ އަހަރެން މިއުޅޭ ގޮތުން ވެސް ޒީއަކަށް ނޭނގުނުތަ؟ އަހަރެންގެ ސިކުނޑި ހީވަނީ ފަޅައިގެން ހިނގައިދާނެހެން…” އެނދުމައްޗަށް އުއްޑުން ވެއްޓި އޮތް ރާކިޒު އޭނަގެ ބޮލުގައި ދެއަތުން ހިފަހައްޓާލިއެވެ. އޭރު އޭނާގެ ދެލޯ ފެންކަޅިވެއްޖެއެވެ. ހަމައެހާ އަވަހަށް ދެލޯ ފޮހެލީ ނުރޯނަމޭ ބުނާ ކަހަލަ ގޮތަކަށެވެ. އެއަށްވުރެ އޭނާއަކީ ހިތްވަރުގަދަ މީހެއްކަން އަމިއްލަ ޟަމީރަށް ވިސްނައިދޭން އުޅޭ ކަހަލައެވެ.

އެނދުމަތީ ޚިޔާލަށް ގެއްލިފައި ޒީވާ އޮތެވެ. ދިގު އިންތިޒާރަކަށްފަހު އޭނާގެ ހިތަށް ހަމަޖެހުން ލިބިއްޖެއެވެ. ނަމަވެސް މިވަގުތު އޭނާ އިންތިޒާރު ކުރަމުން އެދަނީ އަކްމަލް ގުޅާނެ އިރަކަށެވެ. ވެހެމުންދިޔަ ވާރޭ ހައްތަހާ ބޯކުރަނީއެވެ. އެވަރުން އަކްމަލްއަށް ނާދެވޭނެކަން ޒީވާއަށް އެނގެއެވެ. އަދި އެއްފަހަރު ވިޔަސް އަކްމަލް ދެކިލަން ޒީވާ ބޭނުންވެއެވެ. އެހެން އޮއްވާ އަކްމަލް ގުޅައިފިއެވެ. އަދި ވާރޭ މާބޯކޮށް ވެހޭތީ ނާދެވިގެން ކަމަށް ބުންޏެވެ. މާގިނައިރު ފޯނުން ވާހަކަދެއްކޭ ގޮތެއް ވެސް ނުވިއެވެ. އަކްމަލް އެދުނީ ޒީވާ ދެން އަވަހަށް ނިދުމަށެވެ. މާދަމާ ދެމީހުން ކޮންމެވެސް ވަގުތެއްގައި ބައްދަލުކުރަން ނިންމާނީކަމުގައި ބުނެއެވެ. ޒީވާ ވެސް ހުރިހާ ވާހަކައެއް ފޯނުން ދައްކާކަށް ބޭނުމެއްނޫނެވެ. އަކްމަލް، ޒީވާ ދެކެ ކިތަންމެ ލޯބިވިޔަސް ކުރިއާ އޭނާ ތަފާތުކަން ޒީވާއަށް ނަގައިގަނެވުނެވެ. ކުރިއަށް ވުރެ މިހާރު އަކްމަލްގެ ގައިގާ ހަރުވައްތަރު ޖަހައިފިއެވެ. އަދި ހަރުދަނާގޮތް ހުރެއެވެ. ޝަކުވާ ކުރުމެއްނެތި އަކްމަލް އެދުނު ގޮތަށް ޒީވާ ކަންތައްކުރިއެވެ.

ހެނދުނު ހަމްދޫނު އޮފީހުގައި އިންދާ، ރާކިޒުގެ ފޯނެއް އައެވެ. ބައްޕަގެ ގާތުން އެދުނީ ހެނދުނުގެ ސައިގައި އޭނާއާއެކު ބައިވެރިވުމަށެވެ. ވަރަށް މުހިންމު ވާހަކައެއް ދައްކާލަން ބޭނުންވެފައި އޮތީމައި ކަމަށް ވެސް ބުންޏެވެ. ހައިރާންކަމެއް ލިބިފައި ހުރި ހަމްދޫނު އެއްބަސްވީ މީގެ ކުރިން އޮފީސްވަގުތުގައި ރާކިޒު އޭނާއަށް ނުގުޅާތީއެވެ. ހަމްދޫނު ވަގުތު ހޯދާލުމަށްފަހު ދަރިފުޅަށް ގަޑިއެއް ކިޔެވެ. ރާކިޒު އޭނާގެ ކާރުގައި ހަމްދޫނު ބަލާ އޮފީސް ދޮށަށް އައެވެ. ދެބަފައިން ސައިބުއިމުމަށް ރެސްޓޯރަންޓުގެ ތެރެއަށް ވަދެގެން އައިއިރު ވެސް ރާކިޒުގެ ހިމޭންކަން ހަމްދޫނަށް އުނދަގޫ ކުރިއެވެ. ހިތުގައި އެތައް ސުވާލުތަކެއް އުފެދިފައި ހުރެ އޭނާ އައިސް ރާކިޒާ ކުރިމަތިވާގޮތަށް މޭޒުދޮށުގައި ހަމަޖެހިލިއެވެ. ސައިބުއިމަށް އެއްޗިއްސަށް އޯޑަރު ދިނުމަށްފަހު ރާކިޒުގެ ގާތުން ކިހިނެއްތޯވީ އަހާލިއެވެ.

“ބައްޕާ، އަޅުގަނޑަށް އެނގޭ ބައްޕަގެ އޮފީސް ކޭސްތަކެއް އަޅުގަނޑާ ޚިއްޞާއެއް ނުކުރާނެކަން، އެކަމަކު ވަރަށް މުހިންމު ކަމެއް އޮޅުން ފިލުވަން ބޭނުން، މީގެ ދެ އަހަރާ ދުވަސްކޮޅެއް ކުރިން އަކްމަލް ކިޔާ ޒުވާނެއް މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރު ކުރެވުނު ކަމަށްވަނީ، ސީދާ ކޮންއިރަކުކަން ބުނާކަށް ނޭނގޭ، އޭނާއާއެކު އަންހެން ކުއްޖެއް ވެސް ހައްޔަރުކުރި ކަމަށްވަނީ، އަޅުގަނޑު އެނގެން ބޭނުންވަނީ އެ ޒުވާނާއަކީ މީތޯ” ފޯނު ހާވަމުން ދިޔަ ރާކިޒު ވާހަކައިގައި އިނދެފައި ހަމްދޫނަށް ފޯނު ދައްކާލިއެވެ. އެއާއެކު ހަމްދޫނު ފޯނުގައި ހިފާލަމުން އެއިން ފެންނަމުންދިޔަ ފޮޓޮއަށް ވަރަށް ރަނގަޅަށް ބަލާލިއެވެ. ހަނދާން ބަލި މީހަކަށް ނުވާތީ އޭނާއަށް އަކްމަލް ދެނެގަންނަން އެނގުނެވެ. އަނެއްކޮޅުން އެއީ ވަރަށް އާދަޔާ ޚިލާފު މައްސަލައަކަށް ވާތީ ހަމްދޫނަށް އެ މައްސަލަ ހައްލުކުރަން ވެސް އުނދަގޫވިއެވެ. ހަނދާނުގައި އެހާބޮޑަށް ހަރުލީ އެހެންވެއެވެ.

“އާން! މީ މަސްތުވާތަކެތީގައި ގެނެވުނު ޒުވާނެއް، މިހާރުގެ ފޮޓޮއެއްތަ މީ، އޭރު ވެސް މޫނުމަތިން ޖަހަނީ ވަރަށް ބަސްއަހާ ކުއްޖެއް ވައްތަރު، މިހާރު ވެސް ހަމައެހެން، ދަރިފުޅަށް މީ ކާކުކަން އެނގެނީ ކިހިނެއް” ހަމްދޫނު ބުނެލިއެވެ. ރާކިޒު އިރުކޮޅަކު ހަމްދޫނު އަނބުރާ ދިން ފޯނަށް ބަލަހައްޓައިގެން އިނުމަށްފަހު ވާހަކަދެއްކިއެވެ.

“ސިމާކު ބުނީ މީ ވަރަށް ރަނގަޅު ޒުވާނެއްކަމަށް، އަކްމަލް ކިޔަނީ، އޭނާ އުޅެނީ އަޅުގަނޑުގެ ކޮމްޕެނީގައި، މަސައްކަތަށް ވަރަށް ރަނގަޅު، ބައްޕާ! މީނާ އާއިއެކު ހައްޔަރުކުރި އަންހެން ކުއްޖަކީ ކާކުކަން އެނގެން އަހަރެން ބޭނުންވަނީ” ރާކިޒު މިހެން ބުނެލުމުން ހަމްދޫނު ކުޑަކޮށް ކަންބޮޑުވާގޮތްވިއެވެ.

“އަނެއްކާ ރާކިޒަށް އެނގުނީބާ؟ އަހަރެން ހުރީ ނުބުނަން…. ކިހިނެއްބާ…” ކުއްލިއަކަށް ހަމްދޫނުގެ ހިތަށް އެރިއެވެ.

“ބައްޕާ، ފޮޓޮއެއް ދެއްކިޔަސް އެންމެ ރަނގަޅު، ފޮޓޯ ނުލިބެންޏާ ނަން ބުނެދިނަސް އެންމެ ރަނގަޅު… ޕްލީޒް، އަޅުގަނޑަށް ވަރަށް މުހިންމު އެ އަންހެން ކުއްޖާއަށް ވީގޮތެއް ބަލަން” ރާކިޒުގެ އަޑުގައި ހުރީ އާދޭސްކުރާ ކަހަލަ ގޮތެކެވެ. ސައިބޯން ފެށި ހަމްދޫނު ބޯޖަހާލަމުން ވިސްނާލިއެވެ. ދަރިފުޅު ގާތު ބުނާނީ ކީކޭކަމާއި ދޭތެރޭގައެވެ. އޭނާ އެއްވެސް އިރަކު ރާކިޒަށް ކަންކަން މަޖުބޫރެއް ނުކުރެއެވެ. ރާކިޒު ބޮޑުވީ އޭނާ ބޭނުންވާ ފަދަ ޒުވާނެއްގެ ގޮތުގައެވެ. އޭނާގެ ދަރިފުޅަކީ ބޮޑު ހިތެއް ލިބިފައިވާ ކުއްޖެކެވެ. އެކަމަކު އެ ހިތަށް ނޭނގުމުގެ ތެރޭ ވިޔަސް ވޭނެއް އުފުލަން ޖެހިދާނޭތީ ހަމްދޫނު ޖެހިލުންވެއެވެ. ނަމަވެސް ރާކިޒަށް އޭނާ އޮޅުވާލާކަށް ވެސް ބޭނުމެއްނޫނެވެ. އޭނާގެ ކުރިމައްޗަށް ޒީވާ އައި އެންމެ ފުރަތަމަ ފަހަރު ވެސް އެއީ ކާކުކަން، ފެނުނީ ކޮންތާކުންކަން ހަމްދޫނަށް އެނގުނެވެ. އެއްޗެއް ނުބުނީ ޒީވާގެ ފަރާތުން އެ ފަހަރު ވެސް ފެނުނީ އަހަރުތަކެއް ކުރިން ފެނުނު މައުސޫމުކަމަށް ވީތީއެވެ. އެކުއްޖާގެ މޫނުމަތީގައިވާ ބިރުވެރިކަމާއި ހާސްކަން ހަމްދޫނު ދެނެގަތެވެ. ދެވަނަ ފުރުޞަތަކުން އެ އަންހެން ކުއްޖާ މަހުރޫމު ކުރާ މީހަކަށް އޭނާ ވާން ބޭނުންނުވީއެވެ.

“ބައްޕާ…” ކެތްތެރިކަން ކޮޅުންލާފައިވާ ކަހަލަ ގޮތަކަށް ރާކިޒު ގޮވާލިއެވެ.

“ދަރިފުޅާ، ދަރިފުޅު ބޭނުންމީހަކާ އިނަންވީ، ބައްޕަ އެއްވެސް ކަމަކަށް ފާޑެއް ނުކިޔާނަން، ދަރިފުޅަށް ކަމުދާ ކުއްޖަކު ބައްޕައަށް ވެސް ކަމުދާނެ، މަންމަ ވެސް ހުރީ ވަރަށް އުފަލުން، މާޒީގެ ކަންކަން ހޯދަން މަސައްކަތް ނުކުރިއްޔާ އެންމެ ރަނގަޅުވާނީ، އެންމެންގެ މާޒީއަކީ އެމީހުން އެހެން މީހުންނަށް އެނގެން ބޭނުންވެދާނެ މާޒީއެއްނޫން، ބައްޕަ ބޭނުމެއްނޫން މާޒީގެ ކަންތައްތަކަށް ވިސްނާ ނިންމުން ނިންމާ ކުއްޖަކަށް ރާކިޒު ވާކަށް” ހަމްދޫނު ބުންޏެވެ. ރާކިޒަށް އެއްގޮތަކަށް ވެސް ހަމްދޫނު ދެއްކި ވާހަކަތަކުން ނަގައިގަންނަންވީ ކީކޭކަމެއް ނޭނގުނެވެ. އޭނާ ވިސްނުމުގެ ތެރޭގައި އިރުކޮޅަކު އިނުމަށްފަހު ހަމްދޫނާ އަނެއްކާ ވެސް ސުވާލުކުރިއެވެ.

“ބައްޕާ، އަޅުގަނޑު ކައިވެނި ކުރަންވީމަ ބައްޕަމެން ގާތު ބުނާނަން، މިހާރު މިދައްކާ ވާހަކައާ އެކަމާ އެއްވެސް ގުޅުމެއް އޮތްކަމަކަށް ނުވިސްނުނު…” ރާކިޒު މިހެންބުނެ ނުނިމެނީސް ކުއްލިއަކަށް އޭނާއަށް ދެލޯ ބޮޑުކޮށްލެވުނީ ހަމްދޫނު ބުނަން އުޅެނީ ކީކޭކަން އެނގިއްޖެ ހެއްނެވެ. ސުވާލުގެ ނަޒަރަކުން ރާކިޒު އޭނާގެ ކުރިމަތީ އިން ހަމްދޫނަށް ބަލަހައްޓައިގެން އިނެވެ.

“އެއީ ޒީތަ؟ ބައްޕާ، އެ އަންހެން ކުއްޖަކީ ޒީތަ؟” ރާކިޒު މިހެންބުނިއިރު އޭނާގެ އަޑު ވެސް ބަދަލުވެއްޖެއެވެ.

“ދަރިފުޅާ، އެއީ މާޒީއޭ، އޭރު ވެސް ބައްޕަގެ ހިތެއް އެއްބަހެއްނުވި އެއީ މަސްތުވާތަކެތި ބޭނުންކުރާ ކުއްޖެއްކަމަކަށް، ރާކިޒު އޭނާ ގޮވައިގެން ގެއަށް އައި ދުވަހު ވެސް އެކަހަލަ ކުއްޖެއް ފާޑެއް ނުޖަހާ… އޭނާ ހުރިހާ ވާހަކައެއް ދަރިފުޅަށް ކިޔައިނުދިނީ އެއީ ލަތުވެތި ވާހަކަތަކެއްކަމުގައި ވީމަ، އެކަމާ ދަރިފުޅު ވެސް ވާނެ އެއްނު ވިސްނާލަން، އެ ހުންނަނީ ދައްކަން އެހާ ފަސޭހަ ވާހަކަތަކެއް ނޫން” ހަމްދޫނަށް ވިސްނުނު ގޮތާއި ރާކިޒަށް ހަޤީޤަތް އެނގުމުން ވީގޮތް އުޑާއި ބިމާހާ ތަފާތެވެ. ރާކިޒު އިސްޖެހުނު ގޮތަށް އިސްއުފުލާ ލާނެހާ ހިތްވަރު ވެސް ނެތްކަހަލައެވެ. ހަމްދޫނު ދެން ވެސް ބެލީ ދަރިފުޅަށް ވިސްނައިދެވޭތޯއެވެ. ރާކިޒަށް ޒީވާ ވަރަށް ކަމުދާކަން ހަމްދޫނަށް ވެސް އެނގޭތީއެވެ. ގޯސް ނިންމުމެއް ނިންމާ ވަރަށް ވުރެ އޭނާގެ ދަރިފުޅަށް ވިސްނޭނެކަމުގައި ހަމްދޫނު ޤަބޫލުކުރިއެވެ.

“އިޓްސް އޯކޭ ބައްޕާ، އަހަރެން އެނގެން ބޭނުންވި ކަންތައް އަހަންނަށް އެނގިއްޖެއް” ރާކިޒު މަޑުމަޑުން ބުނެލިއެވެ.

“ރާކިޒު ގަޔާވާކަން ބައްޕައަށް އެނގުނޭ އެ ރޭ  އެކުއްޖާ ގޮވައިގެން ގެއަށް އައިސް ވަންގޮތުން ވެސް، އެނގުނު ދެން ލަހެއްނުވެ ކައިވެނި ކުރަން ނިންމި އަޑުކަން އިވޭނީ” ރާކިޒުގެ ހާލު ނޭނގިއިން ހަމްދޫނު ހިނިއައިސްފައި ބުނެލިއެވެ.

“ބައްޕާ! ޒީ އަހަރެންގެ އަނތްބަކަށް ނުވާނެ، އަހަރުމެންނަކީ ހަމައެކަނި ރައްޓެހިން” މަޑުމަޑުން ކައިރީގައި ހުރި ސައިތަށި ނަގާ ތުނބުގައި ޖަހާލަން އުޅެފައި ރާކިޒު ބުނެލިއެވެ.

“ބައްޕައަށް އޮޅުވާލަންތަ ތިއުޅެނީ، ބައްޕައަށް ރާކިޒު ނޭނގިއެއް ނުހުންނާނެ އެއްނު، ކިތަންމެ ރެއަކު ބައްޕަ ދުށީމޭ ދަރިފުޅު ބެލްކަނީގައި މޫނިސާ މެންގެއަށް ބަލަހައްޓައިގެން ހުންނަތަން، އެ ގޭގަ އެއްނު އޭނާ އުޅެނީ” ރާކިޒުގެ ސިއްރު ފަޅާ އަރައިފިކަމުގައި ހަމްދޫނު އަންގާލިއެވެ.

“ބައްޕަގެ މި ދަރިފުޅުގެ ހަރަކާތްތައް ކިތަންމެ މޮޅަށް ވެސް އެނގިއްޖެ، އެކަމަކު އަޅުގަނޑަކީ ޒީގެ ލޯތްބެއްނޫން، އޭނާ ލޯބިވަނީ އަކްމަލްދެކެ” ބުނަން ބޭނުންނުވިޔަސް އަނދިރީގެ ތެރޭގައި ހަމްދޫނު ބަހައްޓާކަށް ރާކިޒު ބޭނުމެއްނުވިއެވެ.

ރާކިޒު ބުނި އެއްޗަކުން ހަމްދޫނުގެ ހަރަކާތްތަކަށް ހުއްޓުމެއް އައެވެ. އޭނާ ރާކިޒަށް ބަލާލީ ހަމްދަރުދީގެ ބަލާލުމަކުންނެވެ. އޭނާއަށް ދެއްކުނު ވާހަކަތަކުން ރާކިޒުގެ ހިތަށް ކުރާނޭ އަސަރާއިމެދު ވިސްނާލެވުނީ ދެނެވެ. ރާކިޒު އިސްޖެހިފައި އެ އިނީ ކީއްވެކަން ހަމްދޫނަށް އެނގުނީ ވެސް ދެނެވެ. އޭނާ ވެސް ދެރަވިއެވެ. ރާކިޒު ކުއްޖަކުދެކެ ލޯބިވެގެން މީގެ ކުރިން ނޫޅެއެވެ. ވީއިރު އޭނާއަށް ކަމުދާ ފަދަ ކުއްޖަކާ ދިމާވިއިރު އެ ކުއްޖާގެ ހިތްމިވަނީ އެހެން މީހަކަށް މާކުރިން ވެސް ދެވިފައެވެ.

“އިޓްސް އޯކޭ ބައްޕާ، އައެމް އޯލް ރައިޓް” ހަމްދޫނު ބަލަން އިން ގޮތް ފެނިފައި ރާކިޒު ގަދަކަމުން ހިނިތުންވެލަން މަސައްކަތް ކުރަމުން ބުނެލިއެވެ.

ދެބަފައިންގެ މެދުގައި އިތުރު ވާހަކަތަކެއް ނުދެކެވުނެވެ. ހަމްދޫނު އޭނާގެ ދަރިފުޅަށް ހިތްވަރު ކުރުމަށް ނަޞޭޙަތްތެރިވިއެވެ. އަދި މާޔޫސް ނުވުމަށް އެދުނެވެ. ޒީވާއަކީ ރަނގަޅު ކުއްޖެއްކަމުގައި ހަމްދޫނު ޤަބޫލުކުރާތީ ރާކިޒުގެ ހިތް ވެސް ޒީވާއާ މެދު ދުށީ އެހެންނެވެ. އޭނާއަށް މިއަދު ޒީވާގެ ހަޤީޤަތް އެނގިއްޖެއެވެ. އެ ވާހަކަތައް އެނގުނުކަން ޒީވާ ގާތު ބުނާކަށް ރާކިޒު ބޭނުމެއްނޫނެވެ. ޒީވާއަށް ހިތްދަތިކަމެއް ލިބިދާނޭ ފަދަ ކަމެއް ކުރުމަކީ ރާކިޒު އަމިއްލައަށް އޭނާގެ ހިތަށް އިތުރު ވޭނެއް ދިނުން ފަދަ ކަމެއްކަން އޭނާ ޤަބޫލުކުރެއެވެ. ހިތުގެ ރިހުމަށް އޭނާ ކެތްކުރާނެއެވެ. ލޯބިވެޔޭ ބުނުމުގެ ބޭނުމެއް މިހާރު ނެތެވެ. އެ ލޯބި އޭނާގެ ހިތުގައި ފޮރުވާލީއެވެ. އެހެންވިޔަސް ޒީވާ ފެންނަ ކޮންމެ ފަހަރަކު އެ އަންހެން ކުއްޖާއަށް އޭނާގެ ހިތުގައި ޚާއްޞަ މަޤާމެއް ދެވިފައިވާކަން އޭނާގެ ޟަމީރު ހަނދާންކޮށްދޭނެކަން ޔަޤީނެވެ. ރަޙުމަތްތެރިކަން ލޯތްބަށް ބަދަލުވިޔަސް، ލޯތްބެއް ރަޙުމަތްތެރިކަމަށް ބަދަލެއްނުވާނެއެވެ. ލޯބިވުމަށްފަހު ރަޙުމަތްތެރިކަން ޚިޔާރުކުރަނީ އެ ލޯތްބައްޓަކައި ވެވޭ ގުރުބާނީއެއްގެ ގޮތުގައެވެ. އެ ލޯތްބާއި ދުރަށްދާން ހިތް ނޭދޭތީއެވެ. ރާކިޒު ވެސް ޒީވާގެ ފަރާތުން ރަޙުމަތްތެރިކަން ޚިޔާރު ކުރަން ބޭނުންވަނީ އެހެންވެއެވެ. ސިއްރުން އެ ރީތި އަންހެން ކުއްޖާ ދެކެ ލޯބިވުމުގެ ހައްޤު ލިބިގެންދާނޭ ތީއެވެ. އޮފީހަށް އައިސް ވަނުމުގެ ބަދަލުގައި ރާކިޒު އައިސް ވަނީ އޭނާގެ ގެއަށެވެ. އެނދުމަތީ ބާލީހުގައި މޫނު ފޮރުވާލައިގެން އެތައް އިރަކު އޮތުމަށްފަހު އޭނާ ތެދުވިއެވެ. އޭރު އޭނާގެ ދެލޯ ހުރީ ރަތްވެފައެވެ. ބާލީހުން ތަންގަނޑެއް ހުރީ ތެމިފައެވެ. ނަމަވެސް ރާކިޒު ހީވަނީ ހަމަޖެހިފައި ހުރި ހެންނެވެ. ފާޚާނާއަށް ވަދެ ތާޒާ ވެލައިގެން ނިކުމެ ހެދުން ބަދަލުކޮށްލިއެވެ. އޭނާ ގެއިން ނިކުމެގެން އެނބުރި އޮފީހަށް ދިޔައިރު ހީވަނީ މުޅިން އެހެން މީހެއްހެއްނެވެ. އޭނާއަށް ލިބިފައިވަނީ ވަރަށް ބޮޑު ހިތެކެވެ. އެހިތުގައި އޭނާއަށް ކިތަންމެ ކަމެއް ފޮރުވިދާނެއެވެ. އެތުންފަތުން ހިނިތުންވެލަން އޭނާ ދަސްކުރިއިރު އެ ދެލޮލުން ހިތްހެޔޮކަން އެހެން މީހުންނަށް ފެންނާނެއެވެ.

“ވަރަށް ފްރެޝް…” ރާކިޒު އޭނާގެ ކެބިންނަށް ވަންނަން ދަނިކޮށް މޭޒު ދޮށުގައި އިން ދީމް ބުނެލިއެވެ. އެވަގުތު މޭޒު ދޮށުގައި އިން ޒީވާއަށް ވެސް ރާކިޒުގެ ހަށިގަނޑަށް ޖަހާފައި ހުރި ފިރިހެންވަންތަ ސެންޓުގެ ވަސް ނޭފަތުގައި ޖެހި ސަމާލުކަން ހޯދިއެވެ. ރާކިޒު، ދީމްއާ ލުއި ހިނިތުންވުމެއް ބަދަލުކޮށްލުމާއިއެކު ދިޔައީ ޒީވާއަށް ބަލާވެސް ނުލައެވެ.

އޮފީސް ނިންމާފައި ޒީވާ އައީ ގެއަކަށް ނޫނެވެ. އޭނާ ދީމް ގާތު މާހިދާއިއެކު ދިއުމަށް ބުނެފައި ޒީވާ ދިޔައީ އަކްމަލްއާ ބައްދަލުކުރާށެވެ. ދެމީހުން އެކުއެކީ ހިނގާލާފައި އައިސް ވަނީ ކާވިނާތެރެއަށެވެ. މޫސުން ރަނގަޅު ނޫންވީމާ ހާމަތަނެއްގައި ބައްދަލުކުރަން އަކްމަލް ބޭނުންނުވީއެވެ. އޭނާ ޒީވާގެ އަތުގައި ހިފައިގެން އައިސް މޭޒެއްގެ ދޮށުގައި އިށީނެވެ.

“ރޭގަ ހާދަ އަވަހަކަށް ފޯނު ބޭއްވީ” ޒީވާ އަހާލިއެވެ.

“އާން! ނިދިނަގާލާފައި ވާހަކަދައްކަން ނުތިއްބަސް އަހަންނަށް އެނގޭ ޒީވްއަކީ އަހަރެންގެ މީހެއްކަން، އަނެއްކާ ހެނދުނު އޮފީހަށް ވެސް ޒީވް ނިކުންނަން ޖެހޭނެއެއްނު، އަހަރެން އެހެން ނުހެދިނަމަ ޒީވް އޮވެދާނެ އިރުއަރަންދެން ވެސް އަހަންނާ ވާހަކަދައްކަން، ދެން އަނެއްކާ އަހަންނަކީ އެހާ މުއްސަނދި މީހެއްނޫން ދޯ… ލިބޭ މުސާރައަށްވުރެ ފޯނު ބިލު ބޮޑުކުރާކަށް ނުވާނެ އެއްނު” އަކްމަލް ބުނެލިއެވެ. އަދި މޭޒުމަތީ އޮތް ޒީވާގެ އަތްތިލަ ގެނެސް އޭނާގެ ދެއަތުގެ ތެރެއަށް ލިއެވެ.

“އަދީލުގެ ވާހަކަ އަޑުއެހިން” ޒީވާ ބުނެލިއެވެ.

“އޭނާ ވީ ޖަލުގައި… ޒީވް! ކޮންގެއަކުތަ މިހާރު ތިއުޅެނީ، މިބުނީ ރޭގައި އަންނާށޭ ބުނީ އެހެން ގެއަކަށް، ކޮންބައެއް ގާތުގައި ޒީވް ތިއިންނަނީ” އަކްމަލް އަހާލީ ޒީވާގެ ފަރާތުން ގިނަކަންތައްތަކެއް އެނގިގެން ހިނގައިދާނެކަމަކަށް ނޫނެވެ. އެހެންނަމަވެސް ޒީވާ، އަކްމަލްއަށް ހުރިހާ ވާހަކައެއް ކިޔައިދިނެވެ.

“އަހަންނަށް މާފުކުރޭ ޒީވް، ހިތަކަށް ނާރާ ޒީވްއާ ގުޅުން ކަނޑާލިއިރު މިގޮތަށް ކަންތައް ވެދާނެއެކޭ، ކޮންފަދަ ހާލެއްގައި ޒީވް ތިއުޅުނީ، އަހަންނަށް ކުރިން އެނގުނުނަމަ ވަގުތުން ޒީވްއާ މެރީ ކުރީމުސް، އަދި އަހަރެންގެ ގާތަށް ޒީވް ގެންނާނަން، ކޮންމެ ހާލެއްގައި އުޅެން ޖެހުނަސް ހެޔޮ” އަކްމަލް ދެރަވެފައި ބުނެލިއެވެ.

“އެ ހުރިހާ ކަމަކުން އަހަންނަށް ވަރަށް ގިނަ ކަންކަން ދަސްވެއްޖެ، މި ދުނިޔެއަކީ އުޅެން އެހާ ފަސޭހަތަނެއްނޫން، ކޮންމެ ދުވަހަކު އެތައްކަމަކާ ކުރިމަތިލާންޖެހޭ، ހުރިހާ އެންމެންނަކީ އެއް ޚިޔާލެއްގެ ބައެއް ވެސް ނޫން، އަހަންނަށް މިހާރު އެކަނި ހުރިހާކަމެއް ކުރަން ވެސް އެނގޭ، ދީމް މަންމަ ވަރަށް ހެޔޮވާނެ، އެހެންވެ ވަރަށް ހަނދާންވޭ މަންމަމަތިން، މަންމަ ވަރަށް ދެރަވެގެންކަން އެނގޭ އުޅެނީ، އަހަރެން ވެސް ބޭނުންވާގޮތެއް ނޫން އެއީ މަންމަގެ ހިތުގައި ޖައްސަން، އެކަމަކު ބައްޕަ… ބައްޕަ އަހަންނަށް މަނާކޮށްފައި އޮތްއިރު އެނބުރި އެގެއަށް ވަންނަން ކެރޭނެތަ” ޒީވާ ބުންޏެވެ.

“ޒީވްގެ ބައްޕަ އަހަންނަށް ނަފުރަތުކުރާނެކަން އެނގޭ، އެހެންވިޔަސް އަހަރެން ބޭނުން ޒީވްގެ ބައްޕަ ގާތުން މާފަށް އެދެން، ޒީވްއާ ކައިވެނިކުރަން އަހަރެން ބޭނުން، ޒީވް، އަހަންނާ އިންނާނަންތަ؟ އަހަންނަށް ވީވަރަކުން ޒީވްގެ ހުރިހާ ކަމެއް ކޮށްދޭން މަސައްކަތްކުރާނަން، އަބަދު ވެސް އުފަލުގައި ބަހައްޓަން އަހަންނަށް ކުރެވުނުކަމެއްވިއްޔާ ކުރާނަން” އަހަރުތަކެއް ފަހުން ދެވަނަ ފަހަރަށް އަކްމަލް، ޒީވާގެ ގާތުން ކައިވެންޏަށް އެދުނެވެ. އުފަލުން އިނދެ ޒީވާ އެއްބަސްވިއެވެ.

“އަހަރެން އަކްމަލްއާ އިނދެގެން ތިގެއަށް ދިޔަޔަސް އަކްމަލްގެ ދޮންތަކޮށްފާނޭ ކަމަކާމެދު ޖެހިލުންވޭ، އަލުން އަހަރުމެން ދެމީހުން ދުރުކުރުމަށް ކަމެއް ކޮށްފާނެތީ، ހުރިހާ ކަމެއް ދިމާ މިވީ އޭނާގެ ސަބަބުންނެއް ނޫންތަ؟” ޒީވާ ހިތްހަމަނުޖެހުނު ގޮތް ދައްކާލަމުން ބުނެލިއެވެ.

“ޒީވް، އަހަރެން މިހާރު އުޅެނީ ގެއަކު ނޫން، ވަކިން އެޕާޓްމެންޓެއްގައި އުޅެނީ، އަހަރެންގެ ދިރިއުޅުން ވެސް މިވަނީ ވަރަށް ބޮޑަށް ބަދަލުވެފައި، އަހަންނަކީ މަސްތުވާތަކެތީގެ ތެރެއަށް އަމިއްލަ ނަފުސު އެއްލާލި ކުއްވެރިއެއް، އެކަމަކު މިހާރު އަހަރެން މިހިރީ އެކަމުން ސަލާމަތްވެގެން، އަހަންނަށް އެހީވީ ސިމާކު، އޭނާގެ އެކުވެރިކަމުން އަހަންނަށް ފައިދާކުރި، އަމިއްލަ ނަފްސުގެ މައްޗަށް ގެއްލިފައިވާ އިތުބާރާއި ކުރިއަށް ދިއުމުގެ ހިތްވަރު އޭނާގެ ފަރާތުން ލިބުން، އަހަންނަށް އައި ބަދަލުގެ އިތުރުން ޢައިލާ ވެސް ވަނީ ރޫޅިފައި، އަދީލު ހައްޔަރު ކުރުމުން ބައްޕަގެ ރުޅި އިންތިހާއަށް ދިޔަ، ހަޤީޤަތުގައި ހުރިހާ ކަމެއްގެ ފެށުމަކީ އަހަރެން، އަހަންނަށް މަގު އޮޅުމުން ބައްޕަ އިންތިހާއަށް މާޔޫސްވީ، އަހަރެން ވެސް ޤަބޫލުކުރަން މަންމަ އަހަރުމެން ކުދިންނާ މެދު ފަރުވާކުޑަކުރިކަން، އެކަމަކު މިހާރު މަންމައަށް ވެސް ވިސްނިއްޖެ، ތަންކޮޅެއް ލަސްވީ ވިސްނުނުލެއް، ބައްޕަ މިހާރު އުޅެނީ ދެއަނތްބަށް މީހަކާ އިނދެގެން، މަންމައަށް އެކަމުގެ ސަބަބުން ލިބުނު ފުން ހިތާމައިން އަރައިގަތުމަށް އަހަރެން މަންމައަށް އެހީތެރިވަމުން މިދަނީ، މަންމަ ހުންނަނީ އަހަންނާއިއެކު، ބައްޕަމެންގޭގައި އުޅެނީ ދޮންތަ އެކަނި، އޭނާ ވެސް ވަރަށް ދެރަވެފައި ހުންނަނީ، މިހާރު ވިސްނިފައި ހުރީ ހާމިޝްއަކީ ރަނގަޅު މީހެއްނޫންކަން، އޭނާއަށް ރަނގަޅު ދިރިއުޅުމެއް ހޯދައިދެވޭނޭ މީހެއްނޫންކަން” އަކްމަލް ފުންނޭވާއެއް ލިއެވެ.

“އޯ މައި ގޯޑް، މަންމަ ހާދަ ދެރަވާނެއޭ ދޯ، ދޮންތައަށް ކިހިނެއްތަވީ” ޒީވާ އިނީ ހުރިހާ ކަމެއް އޮޅުން ފިލުވަން ބޭނުންވެފައެވެ. އޭނާއަށް އިވެމުންދިޔަ ވާހަކަތައް ޤަބޫލުކުރަން ދަތިވެފައެވެ.

“ހާމިޝް ޖަލުން ގެނައީ ބަލިވެގެން ޑޮކްޓަރަށް ދައްކަން، ގެނައި ދުވަހު ފިލައިފި، ފުލުހުން ހޯދަނިކޮށް އޭގެ ދެދުވަސް ފަހުން ފެނުނީ ކޮޓަރިއެއްގެ ތެރޭގައި އޭނާގެ ރަޙުމަތްތެރިންނާއިއެކު އަނެއްކާ ވެސް ބޭނުންކުރަން އޮއްވަ، ދޮންތައަށް ވެސް އެނގިގެން އޭނާ ފިލީ، ދޮންތަ ހާމިޝްގެ އަވާގައި ޖެހިގެން ގޮސް ހުރީ އޭނާގެ ގާތުގައި، ހައްޔަރުކޮށްގެން ގެންދިޔައިރު ދޮންތަ ވެސް ގެންދިޔަ، ދޫކޮށްލީ ބޭނުންނުކޮށް ހުރިކަން އެނގޭތީ، އޭގެ ދުވަސްކޮޅެއް ފަހުން ދޮންތަ މާބޮޑަށް ބަލިވެ އޫޅޭތީ މަންމަ އުޅުނީ ގޭތެރޭގައި ވަރަށް އަޑުގަދަ ކޮށްލާފައި، އަހަރެން އެއްވެސް މީހެއްގެ ކަމަކާ ނުބެހެން، ބައްޕަ ވެސް ބުނެފައި އޮތީ އަހަރެން ގެއިން ނެރެފިއްޔާ ދޮންތަ ވެސް ޖެހޭނީ އަހަންނާއިއެކު ނިކުންނާށޭ، އެހެންވެ އޭނާގެ އުނދަގުލެއް އަހަންނަކަށް ނުފޯރާ، ދެން އެނގޭތަ، މާ ފަހުން އަހަންނަށް އެނގުނީ ދޮންތަ ބަނޑުބޮޑު ވެގެންކަން މަންމަ އާއި ބައްޕަ ޒުވާބުކުރީ، ބައްޕަ ނިކުމެގެން ދިޔައީ، މަންމަގެ ހާލު ބަލާލަން އައިސް ވަދެ ވެސް ނުލާ، އަހަރެން ރީހެބުން އައިތަނާ ހެން ދޮންތަ ވިހައިފި، ދޮންތައަށް ލިބުނީ ބަލިކުއްޖެއް، ހުރިހާ ސަމާލުކަމެއް އަބަދުހެން އެކުއްޖާއަށް ބޭނުންވޭ، އަހަރެން ރީހެބުން އައީމަ އެނގުނީ ބައްޕަ ހަމަ އަސްލުވެސް ދެއަނތްބަށް މީހަކާ އިނދެފިކަން، އަހަރެންގެ އެތިކޮޅު ހިފައިގެން ނިކުތީ ސިމާކު މެންގޭގައި ހުންނަ އެޕާޓްމެންޓަކަށް، ސިމާކު މަންމައަކީ އަނގަގަދަ މީހަކަށް ވިޔަސް ހެޔޮ މީހެއްކަން އަހަންނަށް އެ ދުވަހު އެނގުނު، މަންމަ ރޮއެފައި އަހަރެން ގާތުން މާފަށް އެދުނު، އަދި މަންމަ އަހަންނާއެކު ގެންދިއުމަށް އެނދުނީމަ ދެކޮޅު ހަދަން ނުކެރުނީ، އެނގުނު މަންމަ ހުރީ ހުރިހާ ކަމަކާ ވަރަށް ދެރަވެފައިކަން، ދޮންތަ ވެސް އަހަރެންގެ ގާތުން މާފަށް އެދުނު، އެކަމަކު އަހަރެން ބޭނުމެއްނޫން އޭނާއަށް މާފުކުރާކަށް… ވަރަށް ރުއި… އަދި ބަލިކުއްޖަކު ގޮވައިގެން އުޅެން ޖެހުމުން އެކަމާ ވެސް ހުންނަނީ ވަރަށް ދެރަވެފައިކަން އެނގޭ، އަހަރެންގެ ގާތުން އެދުނު ދުވަހަކު ވެސް ޒީވްއާ ބައްދަލުވެއްޖެނަމަ ދޮންތަގެ ގާތަށް ގެނެސްދިނުމަށް، މަރުވުމުގެ ކުރިން ޒީވްގެ ގާތުން މާފަށް އެދެން ބޭނުންވާކަމުގައި ބުނި، އަހަންނަށް ވަރަށް އުނދަގޫވޭ އޭނާ އެހެން އުޅޭތީ” އަކްމަލް ހުރިހާ ވާހަކައެއް ކިޔައިދިނެވެ.

“އަހަރުމެން ދެމީހުންގެ ސަބަބުން ދެފަރާތުގެ ޢާއިލާއަށް މިއައީ ކިހާ ބޮޑު ހީނަރުކަމެއް، އެހެންނުވިނަމަ ކިހާ ހަމަޖެހޭނެ” ޒީވާއަށް ބުނެލެވުނެވެ.

“އެއީ އެކަން ވާން އޮތްގޮތް، ޝުކުރުވެރިވަން އަހަންނަށް ޒީވް ލިބުނީތީ، އަހަރެންގެ ދުޢާ އެކަލާނގެ އިޖާބަކުރައްވައިފި، ދެން އޮތީ ހަލާލުގޮތުގައި އަހަރެންގެ އަނތްބެއްގެ މަޤާމަށް ޒީވް ގެނައުން، ވަރަށް ބިރުގަނޭ ޒީވްގެ ބައްޕަ ހަދާނެގޮތެއް ނޭނގޭތީ” އަކްމަލް އުންމީދުން ފުރިގެންވި ހިނިތުންވުމެއް ޒީވާއާ ބަދަލުކޮށްލިއެވެ.

“އިރާދަކުރެއްވިއްޔާ ރަނގަޅުވާނެ، އަދި ކުޑަދުވަސްކޮޅަކު މަޑުކޮށްލަން ޖެހުނަސް އެންމެ ރަނގަޅެއްނު، އަހަރެން ވެސް ބޭނުން އަހަރުމެން ދެމީހުން ގުޅޭއިރު ދެ ޢާއިލާގެ މެދުގައި ސުލްހަވެރިކަން އޮންނަން، އަހަރުމެންގެ ދިރިއުޅުން ވެސް ފަސޭހަވާނީ އޭރުން” ޒީވާ ބުނެލިއެވެ.

“އަހަންނާއެކު މަންމަ ގާތަށް ދާނަންތަ؟ ޒީވް ފެނުމުން މަންމަ ވަރަށް އުފާވާނެ… އޭރުން އެނގޭނެ ހުރިހާ ގޮތަކުން ވެސް މަންމައަކީ ކުރީގެ މަންމައެއް ނޫންކަން” އަކްމަލް ކުއްލިއަކަށް ޚިޔާލެއް ފާޅުކުރިއެވެ. އޭނާއާ ޒީވާ ބައްދަލުވެއްޖެކަން ނަބީހާއަށް އެނގުމުން އުފާވާނޭވަރު ޚުދު އޭނާއަށް އެނގޭތީ ޒީވާ ގާތު ބުނެވުނީއެވެ.

“އަކްމަލްއަށް ޔަޤީންތަ؟ އެހެންނޫނަސް އެއްވެސް އިރަކު އަހަރެން އަކްމަލްއަށް ނޫނެކޭ ނުބުނާނެކަން އެނގެއެއްނު” ޒީވާ ލަދުރަކި ހިނިތުންވުމަކާއިއެކު ބުނެލިއެވެ.

އިޝާ ނަމާދުން ފޭބި ނަބީހާ އައިސް އެނދުކައިރީ ހުރި ކުޑަކަބަޑުމަތިން ފެންތަށިނަގާ ބޯލިއެވެ. ކުޑަކޮށް ރޯގާވައްތަރު ވެފައި ހުރުމުން އޭނާގެ އަޑުހުރީ ކުރަކިވެފައެވެ. ނަމާދުކުރާ އެއްޗެހި ނަގާ އަލަމާރިތެރެއަށް ލުމަށްފަހު ކޮޓަރިން ނިކުންނަން ހިނގައިގަތް ވަގުތު ކޮޓަރީގެ ދޮރު ހުޅުވާލީ ޒުބައިދާއެވެ.

“އަހަރެން ނަމާދުކޮށްލައިގެން ބަދިގެ ފަރާތަށް ދަމުން މި ބަލާލީ” ދޮރުމަތީ ހުރި ޒުބައިދާ ބުންޏެވެ.

“މަ ވެސް މި ނިކުންނަނީ، ހަސަނާއި ކުދި ވެރިން އައީތަ؟” ނަބީހާ އަހާލިއެވެ.

“ހަސަނު އަދި މިސްކިތުން ނާދޭ، ސިމާކު އެބައުޅޭ ގޭގައި، އަހާލީމާ ބުނި މިއަދު ކޮންމެ ވެސް މުހިންމު ކަމަކު އަކްމަލް ބޭރަށް ދިޔަގޮތަށް އަދި ނާދެއޭ، ސިމާނާ ކުޑަ ސޮރަށް ކާންދީގެން ކޮޓަރިއަށް ވަދެއްޖެ” ޒައުބައިދާ އެންމެންގެ ތަފްޞީލީ ރިޕޯޓެއް އިއްވާލި ކަހަލައެވެ.

“އެހެންތަ، ހިނގާ ދަމާ ދޯ، އަކްމަލް ބޭރުގައި ވިޔަސް އަންނާނެ ކާގަޑިއަށް” ނަބީހާ ކޮޓަރިން ނިކުންނަމުން ބުނެލިއެވެ. އަދި ޒުބައިދާ އާއިއެކު ބަދިގެ ފަރާތަށް ހިނގައިގަތެވެ.

އެޕާޓްމެންޓުގެ ދޮރު ހުޅުވާލިއިރު ސިޓިން ރޫމުގައި ލެޕްޓޮޕް ހިފައިގެން އިން ސިމާކަށް އަކްމަލް ފެނި ކޮޅަށް ތެދުވެވުނެވެ. ހައިރާންވެފައި އޭނާއަށް ބަލާލެވުނީ އަކްމަލް އާއިއެކު ހުރި އަންހެން ކުއްޖާއަށެވެ. ނިކަން އަވަހަށް ދެލޯ މަރާލަފައި ހުޅުވާލުމާއިއެކު ސިމާކު އެއްފަހަރު ޓީވީއަށް އަނެއްފަހަރު އަކްމަލްއާއެކު ހުރި އަންހެން ކުއްޖާއަށް ބަލާލިއެވެ.

“ޓީވީގެ ތެރެއިން ނިކުތީ ކޮންއިރަކު” ސަމާސާ ގޮތަކަށް ސިމާކު އަހާލިއެވެ. އެއާއެކު އަކްމަލް އާއި ޒީވާ ވެސް ޓީވީއަށް ބަލާލިއެވެ. ދެން އިވުނީ އެންމެން ހީނގަތްއަޑެވެ. ޒީވާގެ އިސްތިހާރު ޓީވީއިން ދައްކަނީއެވެ.

“އޮޓޯގްރާފް ޕްލީޒް” އަނެއްކާ ވެސް ސިމާކު ސަމާސާކޮށްލިއެވެ. އޭނާ ދިއްކޮށްލި އަތުގައި ހެވިފައި ހުރި އަކްމަލް ޖެހިއެވެ.

“ސިމް، މީ ޒީވް… މަގޭ ޒީވް” ސިމާކަށް އެއްޗެއް އަންގާލަން ބޭނުންވާ ފަދަ ގޮތަކަށް އަކްމަލް ބުނެލިއެވެ.

“އޯ… މީތަ ޒީވްއަކީ، ޔޫ އަރ ވެރީ ލަކީ، ނޫން އަސްލު އަކޫ ލަކީއީ، ތިހާ ރީތި ކުއްޖަކު އެހެންނޫނީ އޭނާއަށް ލިބޭނީ ކިހިނެއް ދޯ، އަނެއްކާ އަހަރެން ކަހަލަ ހެންޑްސަމް ފިރިހެނުން ތިއްބަ” ސިމާކުގެ ހުރި ސަމާސާ ގޮތުން ޒީވާއާ ދެމެދު އޮތް ބީރައްޓެހިކަން ކުޑަވެގެން ދިޔައެވެ.

“އަކްމަލް! ދަރިފުޅު އައީތަ؟” ބަދިގެ ފަރާތުން ނަބީހާގެ އަޑުއިވުނެވެ. ސިމާކު އަކްމަލްއަށް އިޝާރާތްކޮށްލީ އަވަހަށް ޒީވާ ގޮވައިގެން ބަދިގެ ފަރާތަށް ދާށޭ ބުނާފަދަ ގޮތަކަށެވެ.

“މަންމާ!” މޭޒުމަތީ ތަށިތައް އަތުރަން ހުރި ނަބީހާއަށް އަކްމަލް ގޮވާލިއެވެ. އެއާއެކު އޭނާއާ ދިމާލަށް އެނބުރުނީ ނަބީހާ އާއި ޒުބޭދާ އެކުއެކީގައެވެ. އެހިނދު ޒުބޭދާ ހަނދާންވީ ޓީވީއިން ފެނުނު އިސްތިހާރާއެކީ ނަބީހާ އޭނާގެ ގާތުގައި ދެއްކި ވާހަކަތަކެވެ. ޒުބޭދާއަށް އަވަހަށް ބަލާލެވުނީ ނަބީހާއަށެވެ. އޭނާ ހުރީ އަތުގައި އޮތް ތަށްޓާއިއެކު ހުއްޓުން އަރާފައެވެ. ހަމައެގޮތަށް ޒީވާގެ މޫނު މަތިން ވެސް ފެންނަނީ ހައިރާންކަމެވެ. އޭނާގެ ކުރިމަތީގައި ހުރީ ނަބީހާ ކަމާއިމެދު ޝައްކުވި ކަހަލައެވެ. ކުރިން އޭނާއަށް ފެނުނު ބަރުހެލިކަމެއް މިހާރު ނުފެނެއެވެ. ހަށިގަނޑަށް ވަނީ ބޮޑު ބަދަލުތަކެއް އައިސްފައެވެ. މޫނުމަތި ފެންނަނީ މިލާފައި ހުރި ހެންނެވެ.

“މަންމާ، މިއައީ ޒީވް ގޮވައިގެން” އަކްމަލް އޭނާގެ މަންމައާ އަނެއްކާ ވެސް ވާހަކަދެއްކިއެވެ. ހުއްޓުން އަރާފައި ހުރި ނަބީހާގެ އަތުގައި އޮތް ތަށި ޒުބޭދާ ނެގިއެވެ. އަދި ނަބީހާގެ ކޮނޑުގައި ފިރުމާލަމުން ކުރިއަށް ދާށޭ ބުނެލި ކަހަލައެވެ.

ފެންކަޅިވެފައި ހުރި ނަބީހާ އައިސް ޒީވާގެ މޫނުގައި ދެއަތުން ހިފާލީ އޯގާތެރިކަމާއިއެކުއެވެ. އަދި އެކުއްޖާގެ ނިތުގައި ބޮސްދިނުމާއިއެކު ގެނެސް މޭގައި ބޮނޑިކޮށްލީ މައިވަންތަކަމުން ފުރިގެންވި ފަދަ ގޮތަކަށެވެ. އެވަގުތު ނަބީހާގެ ލޮލުން ވެއްޓުނު ކަރުނަ ތިކި ޖެހުނީ ޒީވާގެ އަތުގައެވެ. އޭނާ ނަބީހާއާ ދުރަށް ޖެހިލަމުން ނަބީހާގެ ތެމިފައިވާ ދެކޯތާފަތް ފޮހެލިއެވެ. ގަދަކަމުން ކަހަލަ ގޮތަކަށް ނަބީހާ ހިނިތުންވެލަން މަސައްކަތް ކުރިއެވެ.

“ޒީވާ، މި މަންމައަށް މާފުކުރޭ” ޒީވާގެ އަތުގައި ދެފަރާތުން ހިފަހައްޓާލައިގެން ހުރެ ނަބީހާ ބުނެލިއެވެ. އެއާއެކު ޒީވާ މަޑުމަޑުން ބޯޖަހާލީ އޭނާ ނަބީހާއަށް މާފުކުރަމޭ ބުނާ ކަހަލަ ގޮތަކަށެވެ. އެމީހުންގެ ގާތުގައި ހުރި އަކްމަލް އޭނާގެ މަންމަގެ ކޮނޑުގައި އަތްޖައްސާލީ ނުރޯށޭ ބުނާ ފަދައިންނެވެ. ނަބީހާ ދަރިފުޅަށް ބަލާލާފައި ހިނިތުންވެލިއެވެ.

“އަކްމަލް، ޒީއަށް ކާންނުދީ ނުވާނެ އޭނާ ގެންގޮސްގެން” ދުރުގައި ހިނިއައިސްފައި ހުރި ޒުބޭދާ ބުނި އަޑުއިވުނެވެ.

“އެއީ ތެދެއް، ދަރިފުޅު ނުވާނެ އެހާ އަވަހަށް ޒީވާ ގެންގޮސްގެން” ދެލޯ ފޮހެލަމުން ނަބީހާ ވެސް ޒުބޭދާ ބުނި އެއްޗަކަށް ބާރުދިނެވެ.

“އަހަރުމެން މިތިބީ ސިޓިން ރޫމުގައި” އަކްމަލް މިހެން ބުނެ ޒީވާއަށް ބަލާލީ އޭނާ އާއިއެކު އަންނާށޭ ބުނާ ކަހަލަ ގޮތަކަށެވެ.

ބަދިގެތެރޭގައި ހުރި ޒުބޭދާގެ ގާތުގައި ނަބީހާ ދެރަވެފައި ވާހަކަދެއްކިއެވެ. އަކްމަލް އާއި ޒީވާ އަލުން ގުޅުމަށް އޭނާ ވަރަށް ބޭނުންވާ ވާހަކަ ވެސް ބުންޏެވެ. އަކްމަލްގެ ހިތްހަމަޖެހުމަކީ ޒީވާކަން ނަބީހާއަށް އެނގޭތީ އޭނާ ރެއާ ދުވާލު އެ ދަރިފުޅަށް ހިތްހަމަޖެހުން ދެއްވާތޯ ދުޢާ ކުރި ވާހަކަ ވެސް ބުންޏެވެ. ޒުބޭދާ އައިސް ނަބީހާގެ ކޮނޑުގައި ފިރުމާލަމުން ހިތްވަރު ދިނެވެ. ހުރިހާ ކަމެއް ވެސް ވާނީ އެންމެ ރަނގަޅަށް ކަމަށް އޭނާ ބުންޏެވެ. އަދި އިތުރަށް ފިކުރު ނުކުރުމަށް ބުނެ ނަޞޭޙަތްތެރި ވިއެވެ.

ރޭގަނޑުގެ ކެއުމުގައި ޒީވާ ބައިވެރިވިއިރު އޭނާއަށް ފެނިގެން ދިޔައީ ވަރަށް ވެސް އެކުވެރި މާހައުލެކެވެ. ޒޫބޭދާއަކީ އަކްމަލް ބުނިހެން އަނގަގަދަ މީހެކެވެ. ހުރިހާ ކަމަކާ ބެހެއެވެ. އެހެންނަމަވެސް އޭނާއަކީ ހެޔޮ މީހެކެވެ. އަކްމަލް އާއި ނަބީހާއަށް އޭނާ އެހީތެރިވީ ބަދަލުގައި އެއްވެސް އެއްޗެއް ބޭނުންވެގެންނެއް ނޫނެވެ. މިޒަމާނުގައި ހެޔޮ ހިތުން އެގޮތަށް ކަމެއް ކޮށްދޭނެ މީހަކު ނުހުންނާނެ ކަން ޔަޤީނެވެ. އެންމެ ގާތް އެކުވެރިންނަށް ވެސް ކަމަކަށްވާވަރުގެ ކަމެއް ކޮށްދޭން ޖެހުނީމާ އެ ދުވަހަކުން އޮންނާނީ ބޮޑުކަމަކަށް ވެފައެވެ. ޒަމާނާއެކު މީހުންގެ ހިތްތައް ވެސް ހަރުވެ ހިލައަށް ވަމުން ދަނީއެވެ. އަނެކުންގެ ހާލު އަހާލަނީ ކޮންމެހެން އޭނާގެ ހާލު އެނގެން ބޭނުންވެގެންނެއް ނޫނެވެ. ޒުބޭދާގެ ޢާއިލާގެ މެންބަރުން އަކްމަލް އާއި ނަބީހާ ބަލައިގަނެފައިވަނީ އެމީހުންގެ ޢާއިލާ ބައެއްގެ ގޮތުގައި ކަހަލައެވެ. ވާހަކަދެއްކުމުގައި ހުންނަނީ އެހާ ވެސް ގާތް ގޮތެކެވެ. ޒީވާގެ ހިތަށް އެކަމުން އުނދަގޫވީ އޭނާގެ އަމިއްލަ ޢާއިލާގެ މަތިން ހަނދާންވެފައެވެ. ނަމަވެސް ޒީވާ އެނބުރި ދީމްމެންގެ ގެއަށް އައީ ވަރަށް ބޮޑަށް ހިތްހަމަޖެހިފައި ހުރެއެވެ.

* * * *

އަކްމަލް އާއި ޒީވާ ބައްދަލުވެ އެދެމެދުގައި އޮތް ގޮތްނޭނގޭ ފަރުދާ ނެގުނު ފަހުން ދެމީހުންގެ ހިތް ވެސް ވަނީ އުފަލާއި ހިތްހަމަޖެހުމުން ފުރިފައެވެ. އެހެންނަމަވެސް މާޒީވަމުން ދިޔަ ދުވަސްތަކާއިއެކު ޒީވާއަށް އިތުރު ކަމެއް ފާހަގަ ކުރެވުނެވެ. އެއީ އޮފީހުގައި އުޅޭ އިރު ވެސް އިސްތިހާރުތައް ހެދުމަށް ޝޫޓިންތަކަށް ޒީވާ ދާއިރު ވެސް ރާކިޒު އޭނާއާ ދުރުދުރުން އުޅޭކަމެވެ. ކުރިން ވާހަކަދައްކާހާ ގިނައިން ވާހަކަ ނުދައްކާ ކަމެވެ. އެހެންޏާ ޒީވާ ގޮވައިގެން ހެނދުނު ސައިބޯން ދާން ރާކިޒު ބޭނުންވެއެވެ. ނަމަވެސް މިހާރު އަނެއްކާ ވެސް ރާކިޒާ އެންމެ ގާތްކޮށް އުޅޭތަން ފެންނަނީ ޝުހައިލެވެ. ޒީވާއާ އަނގައިން ބުނަނީ ކޮންމެހެން ބުނަންޖެހޭ އެއްޗެއް ބުނުމަށެވެ. އެކަން ދީމްއަށް ވެސް ފާހަގަކުރެވުނެވެ. އޭނާ ޒީވާ ގާތު އެ ދެމެދީހުން މައްސަލަ ޖެހުނީތޯ އަހައެވެ. އެހެންނަމަވެސް ޒީވާއަށް އެ ސުވާލަށް ދޭނެ ޖަވާބެއް ނޭނގުނެވެ. ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ޒީވާގެ އިސްތިހާރުތައް ޓީވީތަކުން ފެނުމާއިއެކު އެކި ސައިޓް ތަކާއި މެގަޒިންތަކުން ވެސް ފެންނަން ފެށިއެވެ. ގިނަ ބައެއްގެ ތަޢުރީފު އޭނާއަށް އޮހިގަތެވެ. ޕްރޮޑިއުސަރަކު އޭނާ ނެރޭ ލަވަ އަލްބަމަކަށް ލަވައެއް ކުޅެ ދިނުމަށް ވެސް ޒީވާގެ ގާތަށް އައެވެ. އެހެންނަމަވެސް އޭނާ އެކަހަލަ ކަމެއް ކުރަން ބޭނުންނުވާކަމުގައި ބުންޏެވެ. މަގުމައްޗަށް ގިނައިން ނިކުމެވޭކަށް ނޯވެއެވެ. އޭނާގެ މޫނަކީ ގިނަ ބަޔަކު ދަންނަ މޫނަކަށް ވުމުންނެވެ. ބޭނުންނުވިޔަސް މަޝްހޫރުކަން ލިބިއްޖެއެވެ. ރާކިޒުގެ ކުންފުންޏަށް ބޮޑެތި ކާމިޔާބީތައް ލިބިގެންދިޔައެވެ. ރާއްޖޭގެ މަޝްހޫރު ވީކްލީ މެގަޒިންގައި ޒީވާގެ އިންޓަރވިއުއެއް ޖަހަން އެތަނުގެ މީހުން ބޭނުންވިއެވެ. އެކަމަށް ނޫނެކޭ ބުނަން ބޭނުންވިޔަސް އަކްމަލްގެ އެދުމާއެކު ޒީވާ އެންމެ ފަހުން އެއްބަސްވިއެވެ. ގޭތެރޭގައި މޫނިސާ އުފަލުން ހީވަނީ ޒީވާ އުރާލައިގެން އުޅެދާނެ ހެންނެވެ. އެ ކުޑަކުޑަ ޢާއިލާއަށް ބަލާއިރު ޒީވާއަކީ އެމީހުންނާ ބެހޭ ވެސް މީހެއް ނޫނޭ އެކަކު ވެސް ނުބުނާނެއެވެ. ޒީވާގެ އިންޓަރވިއު ޖަހާފައި މެގަޒިން ނެރުނު ދުވަހު މޫނިސާ އެ ގަތެވެ. އަދި ގޭތެރޭގައި އެންމެނަށް އަޑުއިވޭ ވަރަށް ބާރަށް އޭގައި ލިޔެފައި އޮތް އެއްޗެއް ކިޔަމުންދިޔައީ ފަޙުރުވެރިވާ ފަދަ ގޮތަކަށެވެ.

ޓީވީ ދޮށުގައި ޖޯޑުކޮށްލެވިފައި އޮތް ދެއަތް ގެނެސް މޭގައި ޖައްސާލައިގެން ޝީރީން ހުއްޓެވެ. އިސްކުރީނުން ފެންނަމުން ދިޔަ ޒީވާއަށް ބަލަހައްޓައިގެން ހުރިއިރު އޭނާގެ ދެލޯ ވަނީ ފެންކަޅިވެފައެވެ. އެހެންހުއްޓާ ބޭރުން އައިސް ވަނީ ލަބީބުއެވެ. ސިހިފައި ޝީރީން ޓީވީ ނިއްވާލުމާއިއެކު ހިނގައިގަތީ އެތެރެއަށެވެ. އެ މަންޒަރު ފެނި ލަބީބު އައިސް ޓީވީ ހުޅުވާލިއެވެ. އޭނާއަށް ޒީވާ ފެނުނެވެ. ދަރިފުޅަށް އައިސްފައި ހުރި ބަދަލު ފާހަގަކުރެވުނެވެ. އޭނާ ބަލައިނުގަތް ކަމުގައި ވިޔަސް ގިނަ ބަޔަކު އެވަނީ އޭނާގެ ދަރިފުޅު ބަލައިގަނެފައިކަން އެނގުނެވެ. މަޑުމަޑުން ސޯފާގައި އޭނާއަށް އިށީނދެވުނެވެ. އިސްޖަހާލުމާއިއެކު ނިތުގައި ހިފަހައްޓާލައިގެން އޭނާ އިނެވެ. ގޭތެރޭގައި ޒީވާ ނެތުމުގެ އިތުރުން އޭނާގެ ހަށިގަނޑުން އެއްބައި ނެތްކަމުގެ އިހުސާސް ކުރެވި ދެލޮލުން ކަރުނަ ނިރާލިއެވެ. އެހެންވިޔަސް އޭނާގެ އެ ސިފަ އެކަކަށް ވެސް ދައްކާކަށް ލަބީބު ބޭނުމެއްނުވެއެވެ. ދަންވަރުގެ ވަގުތުގައި އޭނާ ނުނިދިގެން އައިސް ޒީވާގެ ކޮޓަރި ދޮރުމަތީ ނުހުންނަ ރެއެއް ނުދެއެވެ. އެ ދަރިފުޅު އެ ވަގުތުގައި އޮންނާނީ ކޮންތާކު ކޮންހާލެއްގައި ނިދާފައިކަމެއް ނޭނގޭތީ އޭނާގެ ހިތަށް އުނދަގޫވެގެންނެވެ. ދަރިފުޅުގެ ހާލު ނޭނގޭއިރު އޭނާގެ ލޮލަށް ނިދި އަންނާނީ ކިހިނެއްހެއްޔެވެ. ޒީވާއަކީ އޭނާ އާއި ޝީރީންގެ ލޯބީގެ ގަހުގައި އެޅި ފުރަތަމަ މޭވާއެވެ. ޢާއިލާގެ އެންމެންގެ ހިތްތަކަށް އަލިކޮށްދިން އަގުހުރި ޖަވާހިރެކެވެ. އޭނާގެ ލޯ ކުރިމަތިން މިހާރު ވެސް ފެންނަމުން އެ ދަނީ އެ ދަރިފުޅުގެ ހިތްވަރެވެ. ލަބީބުގެ ހިތަށް ކެތްނުވުމުން އޭނާ ވެސް ޓީވީ ނިއްވާލީއެވެ. މިހާރު އެގޭ ތެރޭގައި އެކަކު ވެސް ޒީވާގެ ނަމެއް ނުގަނެއެވެ. އެންމެން އެ ކުއްޖާގެ މަތިން ހަނދާންނައްތާލީ ކަހަލައެވެ. ދުރުގައި ސިއްރުން ބަލަން ހުރި ޝީރީނަށް ލަބީބަށް ވީގޮތް ފެނުނެވެ. އެހެންނަމަވެސް އޭނާ ޒީވާގެ ވާހަކަ ލަބީބުގެ ގާތުގައި ދައްކާކަށް ބޭނުމެއްނޫނެވެ. އޭނާއަށް ވަރަށް ދުވަހު ވަރަށް ގިނަ ފަހަރުގެ މަތިން އެ ވާހަކަ ދެއްކިއްޖެއެވެ. ލަބީބަށް ކެތްވަންޏާ އޭނާ ވެސް ހުރީ ކެތްކުރާ ގޮތަށެވެ.

ނިދަން ކޮޓަރިއަށް ވަން ލަބީބު އެނދުގައި އިށީނދެގެން އެތައް އިރަކު އިން އިރު ވެސް ޝީރީން ވާހަކައެއް ނުދައްކައެވެ. ލަބީބު އިނީ ޝީރީން އޭނާގެ ގާތުން ސުވާލެއް ކުރާނޭ ކަމަށެވެ. އެހެންނަމަވެސް އަތުގައި އޮތް ވާހަކަ ފޮތަށް ގެއްލިފައި ކަމަށް ހެދިގެން ޝީރީން އޮތީއެވެ. އެ ދެމެދުގައި އޮތް ގުޅުން ވަނީ ހީނަރުވެފައެވެ. ލަބީބަށް އޭނާގެ އަނބިމީހާ ދުރުވެއްޖެކަން އެނގޭއިރު އޭނާގެ ދަރިން ވެސް އޭނާއާ ދުރުވެއްޖެއެވެ. އޭނާއާ އެ ޢާއިލާއާ އޮތީ ކަނޑާނުލެވޭނޭ ގުޅުމަކަށް ވާތީ އެ ގުޅުމަށްޓަކައި އޭނާއާ ވާހަކަދައްކާ ކަހަލައެވެ. އޭނާ ބަލާލި ކޮންމެ ދިމާލަކުން މިއަދު އޭނާއަށް ޒީވާ ފެންނަ ކަހަލައެވެ. މަގުތަކުގައި ޕޯސްޓަރުތަކުންނެވެ. ފޮތްތަކުގެ ބޭރުގަނޑު ތަކުންނެވެ. ގެއަށް އައިސް ޓީވީ ހުޅުވާލައިފި ނަމަ ޓީވީތަކުންނެވެ. އެންމެފަހުން ލަބީބަށް ކެތްނުވެގެން ޝީރީނަށް ގޮވާލިއެވެ.

“އަހަންނަށް މާފުކުރޭ…” އެނދުގައި ޝީރީނަށް ފުރަގަސްދީގެން އިށީނދެލައިގެން އިނދެ ލަބީބު ބުންޏެވެ. އެއާއެކު ޝީރީންގެ އަތުން ފޮތް ވެއްޓުމާއިއެކު އޭނާއަށް ކުއްލިއަކަށް ތެދުވެވުނެވެ. ލަބީބު ބުނަން އެއުޅެނީ ކީކޭބާއޭ އޭނާގެ ހިތަށް އެރިއެވެ. އަދި އޭނާއަށް އަޑުއިވުނީ ކީކޭ ކަމާއިމެދު ސުވާލު އުފެދުނެވެ. ޔަޤީން ނުވަނީ ކަންނޭނގެއެވެ. އަލުން ލަބީބުގެ ގާތުން ކީކޭތޯ ބުނީ އަހާލިއެވެ. އެއާއެކު ލަބީބު އަނެއްކާ ވެސް އޭނާ ބުނި އެއްޗެއް ތަކުރާރުކޮށްލިއެވެ. އެހިނދު ޝީރީން އައިސް ލަބީބުގެ ފުރަގަހުން އޭނާގެ ކޮނޑުގައި ބޯއަޅާލުމާއިއެކު ރޯން ފެށިއެވެ.

“ޝީރީން، ދެން ނުރޮއެ… ވަރަށް ދުވަހު އަހަންނަށް ޝީރީނުގެ ހިތުގައި ޖެއްސިއްޖެ، ދަރިފުޅާ މަންމައާ ވަކިކޮށްލެވުނު އިރު ޚުދު އެއީ އަހަރެންގެ ހަށިގަނޑުގެ ވެސް އެއްބައި، އަހަރެން… އަހަރެން ވަރަށް ލޯބިވޭ ޝީރީންދެކެ، ކައިވެނިކުރީ ޝީރީނަށް މިފަދަ ބޮޑު ހިތާމައެއް ދުވަހަކު ވެސް ނުދޭނަން ކަމަށް ވަޢުދުވަމުން، އެކަމަކު އަހަންނަށް ވަޢުދުގެ މަތީ ދެމިއެއް ނުހުރެވުނު، އަހަންނަށް މާފުކުރޭ ޝީރީން، މިއަދު އަހަރެން މިހިރީ ޝީރީން ބުނި ކޮންމެ ކަމެއްކޮށްދޭން ތައްޔާރަށް” ލަބީބު އޭނާގެ ލޯބިވާ އަނބިމީހާއާ ކުރިމަތި ލަމުން އޭނަގެ ދެއަތުގައި ހިފާލިއެވެ.

“ޒީވާ ގެންނަމާ… އަހަރުމެންގެ ދަރިފުޅު ގެއަށް ގެންނަމާ…” ރޮވެފައި އިނދެ ޝީރީން ބުނެލިއެވެ. އެއާއެކު ފެންކަޅިވެފައި އިން ލަބީބު ބޯޖަހާލިއެވެ. ހީވީ ހަމަ އެންމެ ލަފުޒަކުން އެދެމެދުގައި ދަމާލެވިފައި އޮތް ފަރުދާ ކެހިގެން ދިޔަހެނެވެ. އުފަލުން ގޮސް ލަބީބުގެ މޭގައި ޝީރީން ބޯއަޅާލުމާއިއެކު އޭނާއަށް އިތުރަށް ރޮވުނީ ވެސް ހީނލެވުނީ ވެސް އެކީގައެވެ. ލަބީބުގެ ބުރަކަށީގައި ޝީރީން ފިރުމާލި ގޮތުން ހީވީ މިހާރު އެއީ އޭނާގެ ލޯބިވާ ފިރިމީހާއޭ ލަބީބުގެ ގާތުގައި ބުނެލި ކަހަލައެވެ. ތުންފަތުގައި ދުވެލި ލުއި ހިނިތުންވުމާއިއެކު ލަބީބު އަނބިމީހާގެ ބޮލުގައި ބޮސްދިނެވެ.

“ލަމްޔާ އަހަންނަށް މާފުކުރާނެތަ” އެނދުގައި އޮށޯވެލައިގެން ވިސްނުމެއްގައި އޮތް ލަބީބު އަހާލިއެވެ.

“މިއަދު ލަމްޔާ އަހަރުމެން ގާތުގައި ހުރިނަމަ އަހަންނަށް ވުރެ ވެސް ކުރިން އެކުއްޖާ ލަބީބަށް މާފުކުރާނެ” ޝީރީން ބުނެލިއެވެ.

“ޝީރީން، އަހަރެންގެ ގާތަށް ޒީވާ ގެނެސްދީ…”ލަބީބުގެ އަޑުގައި ހުރީ އާދޭސްކުރާ ކަހަލަ ގޮތަކެވެ. އެއާއެކު ޝީރީން އެކަމަށް ވަޢުދުވިއެވެ.

* * * *

މޫނިސާ އައިސް ގެއަށް ވަންނަނިކޮށް އެގޭ ކުރިމަތީ ހުރި ފިހާރައިގައި އިންނަ އަންހެން ކުއްޖާ އޭނާއަށް ގޮވާލާފައި ގެނެސް، މޫނިސާ ހޯދަން އަންހެނަކު ވަރަށް ގިނަ ފަހަރު މަތިން އައި ވާހަކަ ބުންޏެވެ. އަދި އަށެއް ޖަހާކަން ހާއިރު އެރޭ މޫނިސާއާ ބައްދަލުކުރަން އަދި އަންނާނަން ކަމަށް ބުނެދިނުމަށް އެ އަންހެން މީހާ ބުނިކަމަށް ވެސް އޭނާ ބުންޏެވެ.

“ކާކުބާ؟ ކިހިނެއް ހުރި އަންހެނެއް؟ ނަން ބުނިތަ” މޫނިސާ ވިސްނާލާފައި އަހާލިއެވެ.

“ނަމެއް ނުބުނޭ، ދޮންކޮށް ބޮޑުކޮށް ހުރި އަންހެނެއް، މޫނިއްސަތަމެން އުމުރުހެން ހީވަނީ ވާނީ، އެކަމަކު ޔަންގު ގޮތެއް ވެސް ހުރޭ” ފިހާރައިގައި އިން އަންހެން ކުއްޖާ ބުނެލިއެވެ. މޫނިސާ އޭނާގެ ވާހަކައަށް ބޯޖަހާލަމުން ފިހާރައިން ނިކުމެގެން އައިސް ގޭތެރެއަށް ވަނެވެ.

ދީމް ކޮބާތޯ ބަލާލުމުން ސޯފާގައި އޮތް ޝަނޫޒާ އޭނާވީ މާހިދު އާއިއެކު ބޭރަށް ގޮސްކަމަށް ބުންޏެވެ. އަދި އޭނާ ވެސް މިރޭ ޔަޝްފާ އާއިއެކު ބޭރަށް ދާން އުޅޭ ވާހަކަ ބުނެލިއެވެ. އެއާއެކު މޫނިސާ އެގެއަށް މީހަކު އައިތޯ އެހިއެވެ. ޝަނޫޒާ އޮފީހުން ގެއަށް އައި ފަހުން އެކަކު ވެސް ނާންނަކަމުގައި ބުންޏެވެ. އިތުރަށް މޫނިސާ ސުވާލު އުފެދުނެވެ. އޭނާ ހޯދަން އަންނަވަރުގެ ހުންނާނީ ކާކުބާއޭ ހިތަށް އަރާފައެވެ. ދެން އޭނާގެ ހިތަށް އެރީ ރާކިޒުގެ މަންމަގެ މަތިންނެވެ. އެހެންނަމަވެސް ރާކިޒުގެ މަންމަނަމަ ފިހާރައިގައި އިންނަ ކުއްޖާ ގާތު އޭނާއަށް މެސެޖެއް ރައްދުކޮށްދިނުމަކަށް ނުބުނާނެކަން މޫނިސާއަށް އެނގެއެވެ.

އިޝާ ނަމާދު ކޮށްގެން މޫނިސާ ބަދިގެއަށް ވަނީ އެއްޗެހި ހޫނުކޮށްލާށެވެ. އަށެއް ޖަހަން އުޅެނިކޮށް ޝަނޫޒާ ތައްޔާރުވެގެން ގެއިން ނިކުންނަން ދަމުން ބަދިގެ ފަރާތުގައި ހުރި މޫނިސާއަށް ތަންކޮޅެއް ބާރަށް ގޮވާލާފައި ދަނީ ކަމުގައި ބުންޏެވެ. އޭނާ ސިޓިން ރޫމު ދޮރުން ނިކުން ތަނާ ސަލާމް ގޮވާލަފައި ދޮރޯށި ހުޅުވާލާފައި އެގެއަށް އަންހެނަކު ވަންތަން ފެނުނެވެ. އަވަސް އަރުވާލާފައި އުޅުނު ޝަނޫޒާގެ ހަރަކާތްތައް ލަސްވެލީ އެ އަންހެން މީހާގެ މޫނަށް ބަލާލެވުމުންނެވެ. އޭނާގެ ހިތް ކަމެއް ބުނެދޭން އުޅުނު ކަހަލައެވެ. ނަމަވެސް އެކަމަށް އޭނާ ސަމާލުކަމެއް ނުދިނެވެ.

“މިގޭ ބޮޑުމީހާއާ ބައްދަލުކޮށްލަން… މޫ… މޫނިސާއާ…” ޝަނޫޒާ ސަލާމްބަލައިގަތުމާއިއެކު ކީއްކުރާ މީހެއްތޯ އަހާލުމުން އޭނާގެ ކުރިމަތީ ހުރި އަންހެން މީހާ އަތުގައި އޮތް ކުޑަކަރުދާސްކޮޅަކަށް ބަލާލަމުން ބުނެލިއެވެ. ހައިރާންވެ ހުރެ ޝަނޫޒާ އޭނާގެ މަންމައަށް ނިކަން ބާރަށް ގޮވާލިއެވެ. އަދި މީހަކު ހޯދަން އައިސް ހުރި ވާހަކަ ބުންޏެވެ. އެއަޑާއިއެކު މޫނިސާ އަވަސް އަވަހަށް ކުރަން ހުރި ކަންތައް ހުއްޓާލިއެވެ. ސިންކު ކައިރީ އަޅުވާފައި ހުރި ތުވާލިކޮޅުން ދެއަތް ފޮހެލައިގެން ހަލުވިކޮށް ސިޓިން ރޫމަށް އައެވެ.

“އާދޭ އެތެރެއަށް…” ހައިރާންވެފައި ހުރެ މޫނިސާ ބުނެލިއެވެ. ޝަނޫޒާ ފާޑަކަށް ބަލަން ހުއްޓާ އޭނާގެ ފޯނު ރިންގުވާން ފެށިއެވެ. އެހެންވެ އަނެއްކާ ވެސް މޫނިސާ ގާތު ދަނީއޭ ބުނެ ހިނގައްޖެއެވެ.

“ނޭނގުނު ތީ ކާކުކަމެއް، އެކަމަކު ވަރަށް ދަންނަ ވައްތަރު ޖަހާ” މޫނިސާ ހަނދާންކުރާ ފަދަ ގޮތަކަށް ބުނެލިއެވެ.

“އަހަންނަށް ކިޔަނީ ޝީރީން، ތީ.. ތީ މޫނިސާތަ؟” ޝީރީން ވެސް އިނީ ޖެހިލުން ވެފައި އިންހެންވެ. އަނެއްކޮޅުން އޭނާއަށް އެގޭތެރެއަށް ނަޒަރު ހިންގާލެވުނީ ކަމެއް ހޯދާ ފަދަ ގޮތަކަށެވެ.

“އާން! އަހަރެން މީ މޫނިސާ، އެކަމަކު އަދިވެސް ތީ ކާކުކަމެއް ނޭނގުނު، ކަމަކުތަ ތިއައީ” ޝީރީން އިން ގޮތުން މޫނިސާ އިތުރަށް ހައިރާންވާ ގޮތްވިއެވެ.

“އާން! ކަމަކު ކިޔަންވެގެން، ޒީވާ އެބައުޅޭތަ؟” ކެތްމަދުވެފައި އިން ޝީރީން ބުނެލިއެވެ.

“ކީއްކުރަން ޒީވާ ހޯދަނީ” މޫނިސާ ހިތްހަމަނުޖެހޭ ގޮތްވިއެވެ. ޝީރީންގެ ބޭނުން ނޭނގޭތީއެވެ.

“އޭނާއާ ބައްދަލުކޮށްލަން ބޭނުންވަނީ، ޒީވާ އިންނަނީ މިގޭގައެއްނު” ޝީރީން ބުންޏެވެ.

“އޭނާ މިގޭގައި އިނެއްކަމަކު އެކަމާ ޝީރީންއާ ކޮންކަމެއް، ޒީވާއާ ބައްދަލުކުރަންޖެހޭ ވަރުގެ ކަމެއް އޮތީވިއްޔާ އަހަރެން ގާތުގައި ބުނޭ” މޫނިސާ ހަރުކަށިވެލަމުން ބުނެލިއެވެ.

“މޫނިސާ ތީ ޒީވާގެ ކާކު” ޝީރީން އަހާލިއެވެ. އެއާއެކު މޫނިސާގެ މޫނުމަތިން ޖެހިލުންވުން ފެނިގެން ދިޔައެވެ. ޝީރީންއާ ފުރަގަސްދެމުން އޭނާ އިރުކޮޅަކު ހުއްޓެވެ.

“އަހަރެން… އަހަންނަކީ ޒީވާގެ މަންމަ” ލަމުންދިޔަ ނޭވާ ހިފަހައްޓާލަމުން ކަހަލަ ގޮތަކަށް ޝީރީނަށް ބަލާލާފައި މޫނިސާ ބުނެލިއެވެ. އެއާއެކު ޝީރީންގެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވެގެން ދިޔަތަން މޫނިސާއަށް ފެނުނެވެ.

“އަހަންނަކީ ވެސް ޒީވާގެ މަންމަ” އިސްޖަހާލައިގެން އިނދެ ޝީރީން ބުނެލިއެވެ. އެއާއެކު މޫނިސާގެ ދެލޯ ބޮޑުވެ އަނގަ ހުޅުވުނެވެ. އަދި ހިފަހައްޓާލި ނޭވާ ބޭރުވެގެން ދިޔައެވެ. އޭނާއަށް ޝީރީންގެ މޫނުމަތިން ދަންނަ ވައްތަރުޖެހީ ކީއްވެކަން އެނގުނީ ދެނެވެ. އަވަސް އަވަހަށް އައިސް ޝީރީންނާ ޖެހިގެން ސޯފާގައި އިށީނެވެ.

“ތީ.. ތީ… ޒީގެ މަންމަ ދޯ، އެހެންބުނީމަ ވައްތަރުވެއްޖެ” މޫނިސާ ޝައުގުވެރިކަމާއެކު ޝީރީނަށް ބަލަމުން ބުނެލިއެވެ. ޝިރީން ހިނިތުންވެލަމުން ބޯޖަހާލީ އާނއެކޭ ބުނުމަށެވެ.

“ޒީވާގެ އޮފީސް ބޮޑުމީހާ ބުނީ ޒީވާ އުޅެނީ މިގޭގައި ކަމަށް އަދި ބުނި މޫނިސާއާ ބައްދަލުކުރާށޭ، އަހަރެން މިއައީ އަހަރެންގެ ދަރިފުޅާ ބައްދަލުކުރަން ވެގެން” ޝީރީން ބުނެލިއެވެ.

“ރާކިޒު ދޯ ބުނީ… އާން! އެވާނީ ހަމަ ރާކިޒަށް، އެކަމަކު ވަރަށް ދެރަ، ރާކިޒު ނުބުނޭތަ ޒީ ޝޫޓިންގައޭ ވީ، މާދަމާ އެކުދިން އަންނާނީ” މޫނިސާ ބުނެލިއެވެ.

“މިގޭގައި ކިހާ ދުވަހެއްވެއްޖެ ޒީވާ އިންނަތާ” ޝީރީން އަހާލިއެވެ. އެއާއެކު މޫނިސާ ހުރިހާ ވާހަކައެއް ޝީރީނަށް ކިޔައިދިނެވެ. ޒީވާ ހިތާމަކުރާ ކަމާއި އޭނާ ހުންނަނީ އުފަލުން ނޫންކަމެވެ. ޢާއިލާގެ ލޯބި ދެވޭތޯ އޭނާގެ ޢާއިލާއިން މަސައްކަތްކުރި ނަމަވެސް ޒީވާގެ ހަޔާތުން ބައެއް އުނިވާ ކަމުގައި މޫނިސާ ބުންޏެވެ. ޒީވާއަކީ ގޯސްކުއްޖެއް ނޫންކަމުގައި މޫނިސާ ޝީރީނަށް ވިސްނައިދިނެވެ. އަދި ޝަފްޤާމެން ގެއިން އޭނާ ނިކުތީ ކީއްވެކަން ވެސް މޫނިސާއަށް ކިޔައިދީފައި ވުމުން އެކަން ޝީރީނަށް ކިޔައިދިނެވެ. ހުރިހާ ވާހަކައެއް އަޑުއަހަން އިން ޝީރީން އިސްޖަހާލުމާއިއެކު އޭނާގެ ދެލޮލަށް ބޮނޑިވެގަތް ކަރުނަތައް ފޮހެން މަސައްކަތް ކުރިއެވެ.

“ވަރަށް އުފާވެއްޖެ ޒީގެ މަންމަ އޭނާ ހޯދަން އައީމަ، މިގޭގައި ޒީ ހުންނަނީ އަހަރެންގެ ދަރިއެއް ފަދައިން، މިހާރު އެންމެން ވެސް ހީކުރަނީ އެއި އަހަރެންގެ ދަރިއެއްކަމުގައި، އެހެންވެ ބުނީ އެއީ އަހަރެންގެ ދަރިއެކޭ… އަހަންނަށް ޒީވާއާމެދު ދެކެވެނީ ވެސް އެހެން، މިގޭގައި އޭނާ ބޭނުން ދުވަހަކު ހުރެވޭނެ، އެކަމަކު ޒީ ދިޔައީމަ މިގޭތެރެ ވަރަށް ފަޅުވާނެ، އަހަރެން ވެސް ވަރަށް ހަނދާންވާނެ، އެހެންވިޔަސް ޒީއަކީ ޝީރީންގެ ދަރިއެއް، އެކުއްޖާގެ މައްޗަށް އެންމެ ހައްޤުކަން ބޮޑުވާނީ ތި ޢާއިލާއަށް” މޫނިސާ ދެރަވިއެވެ.

“އަހަރެން އުފާވީ އެހެންވެޔޭ، މޫނިސާ އަހަރެންގެ ޒީވާއަކީ އަމިއްލަ ދަރިއެއްގެ ގޮތުގައި ދެކޭކަން އެނގޭތީ، އަހަންނާ ދުރުގައި ހުރިއިރު އެކުއްޖާއަށް ހެޔޮއެދޭ މަޔަކު ލިބުނުކަން އެއީ ﷲގެ ރަޙުމަތްފުޅު، އަހަރެން ޒީވާ ގެންނަން ވަރަށް މަސައްކަތްކުރިން، އެކަމަކު އޭނާ ބޭނުންވަނީ އޭނާގެ ބައްޕަ، އެ ބައްޕަގެ ނުރުހުމުގައި އެނބުރި ގެއަށް ދާކަށް ބޭނުމެއްނުވޭ…” ޝީރީން ކަންތައްވީގޮތް މޫނިސާއަށް ކިޔައިދިނެވެ. އިތުރަށް މޫނިސާއަށް ސިއްރުކުރަންޖެހޭ ވަރު ކަމެއް ނެތްކަން އެނގުނީމައެވެ. މޫނިސާއަކީ ހުލްގުހެޔޮ މީހެއްކަން ޝީރީނަށް އެނގުނީމައެވެ. އެ ދެމެދުގައި އެތައް ވާހަކައެއް ދެކެވުނެވެ. ގާތްކަން އުފެދުނެވެ. ޒީވާ ނިދުމުގެ ކުރިން ގުޅާނެ ވާހަކަ މޫނިސާ ބުނުމުން ޝީރީން އެދުނީ އޭނާ އައި ވާހަކަ ނުބުނު މަށެވެ. އަދި ޒީވާ ގެއަށް އައުމުން އޭނާ އަދި އަންނާނެ ކަމަށެވެ. ޒީވާއާ ބައްދަލުކޮށް އޭނާ ގެއަށް ގެންދާށެވެ. އެކަމާ މޫނިސާ އެއްބަސްވިއެވެ. އޭނާއަށް އެރޭ ނިދޭގޮތެއް ނުވިއެވެ. ޒީވާ އޭނާގެ ޢާއިލާއާ ދުރަށް ދާން އުޅޭކަން އެނގޭތީއެވެ. އަނެއްކޮޅުން ޝީރީނަށް އެނާގެ ދަރިފުޅާ ބައްދަލުވެވެން އުޅޭތީވެ ނިދޭގޮތެއް ނުވެފައި އެނދުގައި އޮތެވެ. ލަބީބު ވެސް އޮތީ ޒީވާގެ ޚިޔާލުގައެވެ. ދަރިފުޅާ ބައްދަލުވުމުން ކަންތައްކުރާނެ ގޮތެއް ނޭނގިފައެވެ.

ޖެހިގެން އައި ދުވަހުގެ މެންދުރުފަހު ޒީވާ އައިސް ދީމްމެންގެއަށް ވަންއިރު ސިޓިން ރޫމުގައި އަންހެނަކު އިންތަން ފެނުނެވެ. އޭނާ މާލެ އަންނަނީ ކަމުގައި ބުނެ މޫނިސާއަށް ގުޅުމުން، މޫނިސާ، ޝީރީނަށް ގުޅާފައި އައުމަށް ބުނީއެވެ. އޭރު ސިޓިން ރޫމުގައި ދީމް އާއި ޝަނޫޒާ ވެސް ތިއްބެވެ. އެމީހުންގެ މޫނުމަތިން ވެސް ފެންނަނީ ތަފާތު ކުލަވަރެކެވެ. ޒީވާ ފޮށި ދަމަމުން އެތެރެއަށް ޖެހިލިއެވެ.

“ޒީވާ…” ޝީރީން ގޮވާލި އަޑުއިވިފައި ސިހިގެން ދިޔަ ޒީވާ އަވަސް އަވަހަށް ބަލާލިއެވެ. އަޖައިބުވެފައި ހުންނަ ފަދަ ގޮތަކަށް ޒީވާ، ޝީރީނަށް ބަލަހައްޓައިގެން ހުއްޓެވެ. ދެން އޭނާއަށް ބަލާލެވުނީ މޫނިސާގެ މޫނަށެވެ.

“ޒީވާ، މަންމަ މިއައީ ޒީވާ ބަލާ، ހިނގާ ގެއަށް ދަމާ…” ކޮޅަށް ތެދުވެވުނު ޝީރީނު ބުނެލިއެވެ. ދަރިފުޅަށް އައިސްފައި ހުރި ބަދަލު ފެނި އެކުއްޖާ ގެނެސް މޭގައި ބޮނޑިކޮށްލަން ޝީރީން ބޭނުންވިއެވެ.

ޒީވާ އެއްވެސް ޖަވާބެއް ނުދީ ކުރިއަށް ހިނގައިގަތް ވަގުތު މޫނިސާ އައިސް ޒީވާ ހުއްޓުވިއެވެ. އެހިނދު މޫނިސާއަށް ފެންކަޅިވެފައި ހުރި ޒީވާގެ ދެލޯ ފެނުނެވެ. އެކުއްޖާގެ ދަތްދޮޅީގައި ހިފާ މޫނު އުފުލާލަމުން ނުރޯށޭ ބުނެ މޫނިސާ ދެފަރާތަށް ބޯހޫރުވާލިއެވެ.

“އެއީ ޒީގެ މަންމައެއްނު، އެ ދައްކާ ވާހަކަ އަޑުއަހާބަލަ، ޒީއަކީ ބަސްއަހާ ރަނގަޅުކުއްޖެއްކަން އެ މަންމައަށް ވެސް އެނގެޔޭ، އެ މަންމަ ޒީ ދޫކޮށެއްނުލައެއްނު، ވީވަރަކުން ޒީއަށް އެހީތެރިކަން ފޯރުކޮށްދެމުން އައީ… ނޫންތަ؟ މިއަދު އެ މަންމައަށް ފުރަގަސްނުދީ، މައެއްގެ ހިތުގައި ޖައްސާ ކުއްޖަކަށް ޒީ ވަނީތަ” މޫނިސާ ގަދަކަމުން ކަހަލަ ގޮތަކަށް ޒީވާ، ޝީރީނާ ދިމާލަށް އަނބުރާލިއެވެ. އެއާއެކު ޝީރީން އައިސް ޒީވާގެ އަތުގައި ހިފާލިއެވެ.

“ބައްޕަ ބުނެގެންނޭ މިއައީ، ބައްޕަ ބުނީއޭ ޒީވާ ގެއަށް ގެނެސްދޭށޭ… ބައްޕަ ހުންނާނެ ގޭގައި ޒީވާ އަންނާނެ ކަމަށް ހީކޮށް އިންތިޒާރުގައި، ހިނގާ އަވަހަށް ދަމާ” ޝީރީން އާދޭހުގެ ރާގެއްގައި ބުނެލިއެވެ.

“ކީއްވެ ބައްޕަ ނައީ؟ ކީއްވެ ނުގުޅީ…” ރޮވިފައި ހުރި ޒީވާ ޝަކުވާކޮށްލިއެވެ. އެއާއެކު ވަގުތުން ޝީރީން ފޯނު ނަގާ ލަބީބަށް ގުޅިއެވެ. އަދި ޒީވާގެ ކަންފަތުގައި ޖެއްސިއެވެ.

“ދަރިފުޅާ… ޒީވާ…. އާދޭ… އާދޭ ގެއަށް، އަވަހަށް އާދޭ ދަރިފުޅާ” ލަބީބުގެ އަޑުއިވުމާއިއެކު ޒީވާ ރޯންފެށީ ހިތުގައި ޖެހިގެން ރޯންފެށިހެންނެވެ. ގިސްލެވުމާއިއެކު މޫނުގައި ދެއަތްއަޅާ ބާރަށް ރޮވިއްޖެއެވެ. އަވަސް އަވަހަށް މޫނިސާ އާއި ޝީރީން، ޒީވާގެ ދެފަރާތުން ގާތްވެލުމާއިއެކު އޭނާގެ ގައިގާ ފިރުމަމުން ހުއްޓާލުމަށް އެދުނެވެ. ދުވަހަކު ވެސް ލަބީބު މާފު ނުކުރާނެކަމަށް ހީކޮށް ހުރި ޒީވާއަށް ލަބީބުގެ އަޑުއިވުމުން އިތުރަށް ކެތްނުވީއެވެ. ބައްޕަގެ ހިތުގައި ޖެއްސުމަކީ އޭނާ ގަސްދުގައި އެނގިހުރެ ނުކުރާނެކަމެކެވެ.

އިރުއޮއްސެން އުޅެނިކޮށް ޒީވާ އޭނާގެ ހުރިހާ އެއްޗެއް ފޮށްޓަށް އަޅާއި ތައްޔާރުކުރުމަށްފަހު ދީމް މެންގެއިން ނިކުންނަން ހިނގައިގަތެވެ. މޫނިސާ އާއި ހުރިހާ ކުދިންގެ މޫނުމަތިން ފެންނަނީ މާޔޫސްކަމެވެ. ދެން ޒީވާ ފެންނާނެބާއޭ ސުވާލު އުފެދިފައި ތިބި ކަހަލައެވެ. އެ ސުވާލުގެ ޖަވާބު ދިނީ ޝީރީނެވެ.

“މޫނިސާ، ކުދިން ގޮވައިގެން އަހަރުމެން ގެއަށް އަނައްޗޭ، މިވަގުތު ވަކިވިޔަސް ގުޅުން ކެނޑުނީކީ ނޫން އިނގޭ، އަހަރެން ބޭނުން އަހަރުމެން ދެ ޢާއިލާގެ މެދުގައި ވަރަށް ގާތް ގުޅުމެއް އޮންނަން، ޒީވާއަކީ މޫނިސާގެ ވެސް ދަރިއެކޭ ބުނީމެއްނު، ދަރިންނާ ދުރުގައި އުޅޭނީ ކިހިނެއް، އަނެއްކާ ދީމްއަކީ ޒީވާގެ އެންމެ ގާތް އެކުވެރިޔާ” ޝީރީންގެ ހިނިތުންވުމުން މޫނިސާގެ ޢާއިލާއަށް ހިތްހަމަޖެހުން ލިބިގެން ދިޔައެވެ.

ކާރެއްގެ ބަރުގޮނުގެ އަޑާއިއެކު ލަބީބު ސިހުނެވެ. އޭނާ ސިޓިން ރޫމުގައި ދެކޮޅަށް ހިނގާލަ ހިނގާލަ ހުންނަތާ ކިތަންމެ އިރެކެވެ. ހާސްވެފައި ހުރި ކަހަލަ ގޮތަކަށް ހުރެއެވެ. އެހެން ހުރެ ކާރެއްގެ ބަރުގޮނުގެ އަޑެއް އިވޭއިރަށް ދޮރޯށްޓަށް ބަލާލެވެނީ އެއައީ ޝީރީނޭ ހިތަށް އަރާފައެވެ. ޒީވާ ގޮވައިގެންނެވެ. މުޅި މީހާ ގަނޑުވީ ދޮރޯށި ހުޅުވާލާފައި ވަން ޒީވާ ފެނިފައެވެ. ސިޓިން ރޫމު ދޮރުމަތީ އައިސް ހުއްޓުނު ގޮތަށް ޒީވާ ކުރިއަށް އެންމެ ފިޔަވަޅެއް ވެސް ނޭޅިއެވެ. ހިނިއާދެވުނެއްކަމަކު ލަބީބުގެ ދެލޯ ކަރުނުން ފުރި ބަންޑުންވިއެވެ. ދުރުދުރުގައި ފިޔަވަޅު އަޅާލުމާއިއެކު އައިސް ޒީވާގެ އަތުގައި ހިފާ ގޭތެރެއަށް ވެއްދިއެވެ. އަދި އޭނާގެ ކަރުނުން ފުރިފައިވާ ދެލޯ ޒީވާއަށް ނުދެއްކުމަށް އަނެއްފަރާތަށް އެނބުރުނެވެ.

“ދެން މިގެއިން ނިކުމެގެން ނުވާނެ، ބައްޕަ ބުންޏަސް ޒީވާ ގޮސްގެން ނުވާނެ…” ކުރެހިފައިވާ އަޑަކުން ލަބީބު ބުނެލިއެވެ. ރޮވެމުންދިޔަ ޒީވާ އައިސް ލަބީބުގެ އަތުގައި ބައްދާލިއެވެ.

“ސޮރީ ބައްޕާ، ވަރަށް ބޮޑަށް ސޮރީ… އަހަންނަކީ ގޯސްކުއްޖެއް ނޫނޭ ބައްޕާ، ކީއްވެތަ ބައްޕަ އަހަރެންގެ ވާހަކަ ޤަބޫލުނުކުރީ، އަހަންނަށް މާފެއް ނުކުރާނަންތަ؟ އަހަރެން ދުވަހަކު ވެސް ދެން ގޯސްކަމެއް ވިޔަކަ ނުދޭނަން….” ޒީވާގެ އަޑުއަހަން ލަބީބުގެ ހިތަށް ކުޅާދާނައެއްނުވިއެވެ. އެ ދަރިފުޅު އެގެއިން ނެރުނު ދުވަހު ވެސް އެކުއްޖާ އެގޮތަށް ރޮއެ އޭނާގެ ގާތުން މާފަށް އެދުނެވެ. ލަބީބު ޒީވާ ގެނެސް ގަޔާ ކައިރިކޮށްލުމާއިއެކު ދެން ނުރޮއެ ހުއްޓާލުމަށް ބުންޏެވެ.

“ދަރިފުޅު ބައްޕައަށް މާފުކޮށްދީ، ދަރިފުޅުދެކެ ބައްޕަ ވަރަށް ލޯބިވޭ، ދަރިފުޅު ކީއްވެތަ ބައްޕަ ގާތަށް ނައީ، އައިނަމަ މިއަށްވުރެ ކުރިން ވެސް ދަރިފުޅަށް ބައްޕަ މާފުކުރީމުސް” ލަބީބު ބުނެލިއެވެ. އޭރު ދުރުގައި އެމަންޒަރުތައް ބަލަން ރީމް އާއި ރުވާ ހުއްޓެވެ. ޒީވާ އާއި ލަބީބު ރޯތަން ފެނިފައި އެކުދިން ވެސް ތިބީ ދެރަވެފައެވެ. އަދި ޒީވާ ފެނުމުން އޭނާގެ ގައިގާ އައިސް އޮޅުލައިގަންނަން ތިބީ ބޭނުންވެފައެވެ. ނަމަވެސް ލަބީބު ނުރުހިދާނޭތީ އެކުދިން ތިބީ ނުކެރިފައެވެ.

“ދަރިފުޅުމެންގެ ތުއްތަ މިހިރީ ގެއަށް އައިސް، ދެން ތުއްތަ ހުންނާނީ އަބަދު ވެސް މިގޭގައި” ހިނިތުންވެލި ލަބީބު ދުރުގައި ތިބި ރީމް އާއި ރުވާ ފެނުމުން ބުނެލިއެވެ. ޒީވާ ދުރަށް ޖެހިލާފައި އެ ދެބެންނަށް އަންނާށޭ ބުނާ ފަދަ ގޮތަކަށް ދެއަތް ފުޅާކޮށް ހުޅުވާލިއެވެ. އެއާއެކު އެއަތުގެ ތެރެއަށް ދެބެން ދުވެފައި އައިސް ވަނެވެ. ލަބީބު އެއްފަރާތުގައި ހުއްޓިލައިގެން ހުރި ޝީރީނަށް ލޮލުގެ އިޝާރާތުން ޝުކުރުއަދާކުރިއެވެ.

ޢާއިލާގެ ހުރިހާ މެންބަރުންނާ ބައްދަލުވިއިރު ވެސް ލަމްޔާއާ ބައްދަލުވާގޮތެއް ނުވިއެވެ. ޒީވާ، ޝީރީނާ އެކަމާ ސުވާލުކުރިއެވެ. ލަމްޔާވީ ކެބިން ކުރޫ ތަމްރީނު ހެދުމަށް ޑުބާއީގައިކަން ޒީވާއަށް އެނގުނީ ދެނެވެ. އަދި އަންނާނީ މަހެއްހާ ދުވަސް ފަހުންކަމުގައި ބުންޏެވެ. ޒީވާ، އޭނާގެ ދައްތަގެ ހުވަފެންތައް ހަޤީޤަތަށް ވުމުން އެކަމާ އުފާކުރިއެވެ. އެންމެން ވެސް ޒީވާގެ މަޝްހޫރުކަމާއިމެދު ވާހަކަދެއްކިއެވެ. ނަމަވެސް ޒީވާގެ ޚިޔާލު ތަފާތެވެ. އޭނާ ޝީރީންނާއި ލަބީބާ ވަކިން ވާހަކަދައްކަން ބޭނުންވާކަމުގައި ބުންޏެވެ. މައިންބަފައިންނަށް އިތުރަށް އެއްވެސް ކަމެއް ސިއްރުކުރާކަށް އޭނާ ބޭނުމެއްނޫނެވެ. މިއަދު އެމީހުން ޖެހޭނީ އޭނާ ދައްކާ ހުރިހާ ވާހަކައެއް ޤަބޫލުކުރާށެވެ. ޒީވާގެ ކޮޓަރީގައި ޝީރީނާއި ލަބީބު އިނެވެ. އޭނާ އެމީހުންގެ ކުރިމަތީ ހުރެ ހުރިހާ ވާހަކައެއް ކިޔައިދިނެވެ. އަކްމަލް އާއި އޭނާއާ ދެމެދު އޮތް ގުޅުމުގެ ވާހަކައެވެ. އަދި ދެމީހުން ހައްޔަރުކުރަން ޖެހުނު ސަބަބު ވެސް މެއެވެ. އަދިވެސް އަކްމަލްގެ އަޑުއިވުމުން ލަބީބު މޭނުބައިކުރާކަހަލަ ގޮތްތަކެއް އޭނާއަށް ވާކަން ޒީވާއަށް ފާހަގަކުރެވުނެވެ.

“ބައްޕާ، އަކްމަލްއަކީ މިހާރު ކުރީގެ އަކްމަލްއެއް ނޫނޭ، އަހަރުމެން ދެމީހުންނަށް ދުރުގައެއް ނުތިބޭނެ، އެކަމަކު ބައްޕަގެ ރުހުމާއިނުލާ އަކްމަލް ވެސް ބޭނުމެއްނުވޭ ކައިވެނި ކުރާކަށް، އޭނާ ބޭނުންވޭ ބައްޕަގެ ގާތުން މާފަށް އެދެން، އޭނާގެ ކުށެއްނޫން އެއީ އަހަރުމެން އެގޮތަށް ފަޟީޙަތްވުމަކީ، އެހެންވިޔަސް އޭނާ ޤަބޫލުކުރަނީ އެއީ އޭނާގެ ކުށްކަމުގައި، ބައްޕާ! އަހަރެން އެނބުރި ގެއަށް ގެނައި އިރު އަހަރެންގެ އުފާތަކެއް ބައްޕައަށް މުހިންމެއްނޫންތަ؟ އަހަރެންގެ ވާހަކަ ޤަބޫލުކުރާއިރު އަކްމަލްގެ ވާހަކަ ޤަބޫލެއް ނުކުރާނަންތަ؟ އަހަރުމެން ދެމީހުން ކައިވެނި ކުރުމުގެ ހުއްދައެއް ނުދޭނަންތަ؟” ވާހަކަދައްކަމުން ޒީވާ އައިސް ލަބީބުގެ ފައިދަށަށް ތިރިވެ އޭނާގެ ދެކަކުލުގައި އަތްއަޅުވާލިއެވެ. ލަބީބު ދަރިފުޅު ނަގާ ވާހަކަދެއްކިއެވެ.

“ބައްޕަ ޒީވާގެ ވާހަކަ ޤަބޫލު ނުކުރަނީއެއްނޫން، އެކަމަކު ބިރުގަންނަނީ… އަކްމަލްއަށް އިތުބާރުކުރަން ޖެހިލުންވަނީ، އޭނާގެ އަތްމައްޗަށް ޒީވާ ދޫކޮށްލަންވީމަ… ބައްޕައަށް ކުޑަދުވަސްކޮޅެއް އަދި ދީ” ލަބީބު ނޫނެކޭ ނުބުނަންވެގެން ބުނެލިއެވެ.

“ކިހާ ދުވަހެއް؟ ބައްޕަ އަހަރެން ތިގެނައީ އަހަންނަށް ފުރިހަމައަށް އިތުބާރު ކުރާތީތަ؟ ނޫނީ މީހުން ކިޔާފާނެ އެއްޗަކަށްތަ؟ އެހެންވެއްޖެނަމަ އަމިއްލަ ޢާއިލާއެއްކަމަކު ދުރުހިލޭ މީހެއްކައިރީ ހުންނަން ވެސް މާހިތަށް ފަސޭހަ” ޒީވާ ބުނެލި ޖުމްލައިން ލަބީބު ކަންބޮޑުވިއެވެ. އަލުން ޒީވާ ނިކުމެގެން ދާކަށް އޭނާ ބޭނުމެއްނޫނެވެ. އެކަމަކު އަކްމަލް ޤަބޫލުކުރުމަކީ އޭނާއަށް ކުރަން އެންމެ އުނދަގޫކަންތަކެވެ.

ލަބީބު ހިތްހަމަނުޖެހޭކަން އެނގޭއިރު ވެސް ޒީވާ، އަކްމަލް އެގެއަށް ގެނައެވެ. ޖެހިލުންވެފައި ހުރި އަކްމަލް، ލަބީބުގެ ގާތުން މާފަށް އެދުނެވެ. ނަމަވެސް ލަބީބު އަނގައިންނެއް ނުބުންޏެވެ. ޝީރީން ހިތްހެޔޮ ކަންމަތީ ވާހަކަދެއްކިއެވެ. އޭނާ ޒީވާ ބަލައިގަތް ފަދައިން އަކްމަލް ބަލައިގަންނާކަށް ވަގުތުތަކެއް ބޭނުމެއްނުވިއެވެ. އަކްމަލްގެ ފަރާތުން އޭނާއަކީ ވިޔާނުދާ ކުއްޖެއްކަމުގެ އެއްވެސް އިޝާރާތެއް ނުފެނެއެވެ. ނުވިތާކަށް އެފަދަ ސިފައެއްވެސް ނުޖަހައެވެ. އެކަނި އަންނަން ނުކެރިގެން އަކްމަލް އައީ ސިމާކު ގޮވައިގެންނެވެ. އެހެންވެ އޭނާއަށް ކަންތައްވީ ގޮތް ފެނުނެވެ. އެކަމާ ހިތްހަމަ ނުޖެހިގެން ސިމާކު އައިސް ލަބީބާ ވަކިން ބައްދަލުކުރިއެވެ.

“އަކްމަލްއަކީ ހަރުދަނާ ރަނގަޅު ޒުވާނެއްކަމުގެ ޔަޤީންކަން ދޭން އަހަރެން މިހިރީ ތައްޔާރަށް، މުޖުތަމަޢުގައި ރަނގަޅުވާން ބޭނުންވާ ޒުވާނުން ބާކީވަނީ ބޭބެމެން ކަހަލަ ވިސްނުން ގެންގުޅޭ މީހުން ގިނަވީމަ، އަމިއްލަ ދަރިފުޅަށް އަދިވެސް ފުރިހަމަ އިތުބާރެއް ނުކުރެވޭ… އެހެންނޫންނަމަ އެދަރިފުޅަށް މި ޒުވާނާގެ ކިބައިން ފެންނަ ރަނގަޅު ކަންތައްތައް ބޭބެއަށް ވެސް ފެނުނީސް، އަހަރެންގެ ގޭގައި އަކްމަލް އުޅެނީ، ދުވަހަކު ވެސް އަދި އޭނާގެ ފަރާތުން ގޯސް ޢަމަލެއް ނުފެނޭ، ނަމާދަށް ދަނީ އަހަންނާއިއެކު، ކާން އަރަނީ އަހަންނާއިއެކު… އަޅާލާނެ މީހަކު ނެތް ދުވަހު މައިމީހާ ބަލަނީ އަމިއްލައަށް، ބުރަ މަސައްކަތުން، މަގުމަތީ ގިނަވަގެން އުޅޭ ޒުވާނެއްނޫން އަކްމަލްއަކީ، ބޭބެގެ ތިވިސްނުން އަދި ރަނގަޅެއްނޫން، އެނގޭ މިހެން ބުނާއިރު ވެސް އަހަރެން މިދައްކާ ވާހަކައަކުން ބޭބެގެ ތި ނިންމުން ބަދަލެއް ނުވާނެކަން، އެކަމަކު ކިހާ ދުވަހަކު އެދެމީހުން ދުރުގައި ބައިތިއްބާނީ، ކިހާ ދުވަހެއްވަންދެން އަމިއްލަ ދަރިފުޅުގެ ލޯބި އިމްތިހާނު ކުރާނީ” ސިމާކު ދެރަވެފައި ބުނެލިއެވެ. އަކްމަލް އާއިއެކު ސިމާކު ނިކުމެގެން ދިޔަ މަންޒަރު ބަލަން ލަބީބު ހުއްޓެވެ. އޭނާ ވިސްނިއެވެ. ޒީވާގެ ކުރިމަތިން އަކްމަލް ގެއްލުމާއިއެކު އެ މޫނުމަތިން އުފާވެރިކަން ގެއްލިގެން ދިޔަތަން ލަބީބަށް ފެނުނެވެ. ސިޓިން ރޫމު ދޮރުމަތީ ދޮރޯށްޓަށް ބަލަހައްޓައިގެން ޒީވާ ހުރި ގޮތުން ލަބީބުގެ ހިތަށް އަސަރުކުރިއެވެ. ބޭއިޚްތިޔާރުގައި ލަބީބަށް ކުރިއަށް ފިޔަވަޅު އަޅާލެވުނެވެ.

“ޒީވާ… ކައިވެނި ކުރަންވީނު” ޒީވާގެ ބޮލުގައި ފިރުމާލަމުން ލަބީބު ބުންޏެވެ.

“ބައްޕަ ބޭނުންތަ އަހަރެން އަކްމަލްއާ ކައިވެނިކުރަން، އޭނާއަށް މާފުކުރީތަ؟” އުފާވެރިކަމުގެ ވިދުވަރެއް ޒީވާގެ ދެލޮލުން ފާޅުވެގެންދިޔައެވެ. ލަބީބުގެ ހިތަށް ލިބުނު ހަމަޖެހުމާއިއެކު ބޯޖަހާލަމުން ދަރިފުޅަށްޓަކައި ހިނިތުންވެލިއެވެ.

“އެކަމަކު ބުނަން، ކައިވެނި ކޮށްގެން ޒީވާ އުޅޭނީ މިގޭގައި، އެގޮތަށް އެއްބަސްވާމަތިން ކައިވެނި އަވަސްކުރަންވީ” ލަބީބު ބުނެލިއެވެ. ޒީވާ ވަގުތުން އެއްބަސްވިއެވެ. އަކްމަލްއަށް ގުޅާފައި މި އުފާވެރި ޚަބަރު ދިނެވެ. މޫނިސާގެ ޢާއިލާއަށް ވެސް މެއެވެ. ލިބުނު ކުއްލި ޚަބަރު މޫނިސާ ހައިރާންކުރުވިއެއްކަމަކު އޭނާއަށް ހަޤީޤަތް އެނގޭތީ އުފާވިއެވެ. ޒީވާއަށް އޭނާގެ ލޯބި ލިބުނީކަން އެނގޭތީއެވެ.

ކައިވެންޏަށް ހުރިހާ ކަމެއް ތައްޔާރުވަމުންދިޔައިރު ދައުވަތު ކާޑުހިފައިގެން ރާކިޒުގެ ގާތަށް ދިޔައީ ޒީވާއެވެ. އެ ދުވަހު އޭނާ ރާކިޒުގެ ގާތުގައި ދެން އިތުރަށް އިސްތިހާރުތައް ނުކުޅޭނަން ކަމުގައި ބުންޏެވެ. އެގޮތް ވެސް ރާކިޒު ޤަބޫލުކުރިއެވެ.

“ރާކިޒު، އެނގޭތަ، ތިކަހަލަ ޒުވާނުން ވަރަށް މަދުވާނެ، ފަހަރެއްގައި އަކްމަލްއަށްވުރެ ކުރިން ރާކިޒާ ބައްދަލުވިނަމަ މިކާޑުގައި އޮތީހީ ތިޔަނަންކަންނޭނގެ، އަހަންނަށް މާފުކުރޭ… އާން! ބައެއްފަހަރު ބުނާކަށް ނުޖެހޭ ހުރިހާ ވާހަކައެއް، ލޯބިވެވުމުން ތިމާގެ ހުރިހާ ގުނަވަނެއް ވާހަކަދައްކާ ކަހަލަ، ލޯބިވާ ވާހަކަ ބުނަން ދޫހިމޭންވާ ވަގުތު ދެން ހުރި ގުނަންތަ އަނެކާއަށް އެ މެސެޖު ފޯރުކޮށްދިނުމަށް މަސައްކަތްފަށާ، ފަހަރެއްގައި ވެސް ޖަވާބެއް ނުލިބުނީ ދޭން ބޭނުންވި މެސެޖު ނުލިބިގެންނެއް ނޫން، ހާލަތުގެ ގޮތުން… ހިތަކީ އެހެންމީހެއްގެ އެއްޗަކަށްވީތީ” ޒީވާގެ ހުރިހާ ވާހަކައެއް އަޑުއަހަން އިން ރާކިޒަށް އޭނާ އެބުނަނީ ކީކޭކަން އެނގުނެވެ.

“ޝުކުރިއްޔާ… އެހީތެރިކަމެއް ބޭނުންވެއްޖެއްޔާ އަހަރެން އަބަދު ވެސް ހުންނާނަން، މި އެކުވެރިކަން ދެމި އޮންނާނެކަމަށް އަހަރެން އުންމީދުކުރަން” ރާކިޒު ބުނެލިއެވެ.

“ޝުކުރު އަދާކުރަންވީ އަހަރެން” ޒީވާގެ ވާހަކަތައް ރާކިޒު މެދުކަނޑާލިއެވެ. އަދި ސަމާސާ ގޮތް ދައްކާލަމުން ވާހަކަ ބަދަލުކޮށްލިއެވެ. އެ އޮފީހުން ޒީވާ ފެންނާނެކަން އެނގޭތީ އޭނާ ހުރީ އުފަލުންނެވެ. އަކްމަލް އާއި ޒީވާއަށް އުފާވެރި ދިރިއުޅުމަކަށް ރާކިޒު މަރުޚަބާ ކިޔެވެ.

ކައިވެނީގެ ގޮށްޖަހާލި ވަގުތަކީ އަކްމަލްއަށް ދުވަހަކު ވެސް ނުލިބޭހާ އުފާވެރިކަމާއި ހިތްހަމަޖެހުން ލިބުނު ވަގުތެކެވެ. އޭރު އެތަނުގައި އަކްމަލްގެ ޢާއިލާ އާއި ޒީވާގެ ޢާއިލާ ތިއްބެވެ. ނަމަވެސް އެތަނުގައި ނެތީ ސުހާނާ އެކަންޏެވެ. އޭނާއަށް އެތަނަށް އަންނަން ނުކެރުނީއެވެ. ޒީވާ އޭނާއަށް މާފުކުރި ނަމަވެސް އެވެ. އަކްމަލް ވެސް އެއްބަނޑު އެއްބަފާކަމުގެ ގުޅުން ކަނޑާލަން ބޭނުންނުވާތީ ޒީވާގެ އެދުމަށް ސުހާނާއަށް މާފުކުރިއެވެ. ވާފިރު ހުރީ ނަބީހާގެ ހިތުގައި ޖެއްސުނީތީ ދެރަވެފައެވެ. އޭނާ އަބަދުވެސް ނަބީހާދެކެ ލޯބިވެއެވެ. ވަރިނުކޮށް ހުރީ ވެސް އެހެންވެއެވެ. އެކަމަކު މިހާރު ދިޔާނާ ވެސް ދޫކޮށްލެވޭކަށްނެތެވެ. ތިލަފަތުގައި އެދެމީހުން ވަނީ ހަމަހަމަވެފައެވެ. ކައިވެނި ހަފްލާ ފެށިގެން ދިއުމާއިއެކު ދަޢުވަތު ދެވިފައިވާ ފަރާތްތައް އަންނަން ފެށިއެވެ. އަކްމަލްގެ ގާތުގައި ޒީވާ ހުއްޓިލައިގެން ހުރިއިރު ހީވަނީ އެއީ މި ދުނިޔެމަތީގައި އެންމެ ގުޅޭ ޖޯޑުހެންނެވެ. ދެޒުވާނުންގެ ތުންފަތަށް ވެރިވެފައި ހިނިތުންވުން ހީވަނީ ދުނިޔޭގެ ހުރިހާ އުފަލެއް އެ ދެޒުވާނުންނަށް ލިބިފައިވާ ކަމުގެ ރަމްޒެއް ހެންނެވެ.

“ދެން މުޅި އުމުރަށް ވެސް ޒީވް ވާނީ އަހަރެންގެ މީހަކަށް” އަކްމަލް އުފަލުން ހުރެ ޒީވާގެ ކަންފަތް ދޮށުގައި ސިއްރުން ބުނެލިއެވެ. ޒީވާ މުޅިއުމުރަށް އަކްމަލްގެ މިލްކަކަށްވީއެވެ. ލޯބިން އެކުގައި އުޅެން އަކްމަލް ހޯދި މިތުރަކީ އެއީއެވެ. އަބަދުވެސް ޒިވާ ވާނީ އަކްމަލްގެ މިތުރާއަށެވެ. މުޅި އުމުރަށެވެ. ކޮންމެ ހާލެއްގައި ވިޔަސް އެވެ.

~ ނިމުނީ ~

Leave a Comment

Your email address will not be published. Required fields are marked *