THEMI VAAREYGA VEEMEY [PART 6]

“ރިހާމު، އިހަށް މަޑުކޮށްބަލަ، ހޯދަން އުޅުނީމަ ނަންބަރުވެސް ލިބޭނެ އެންނު، އެހެންނޫނަސް އެހާވަރަކުން ނަންބަރު ހޯދައިގެން މިގުޅީ ޖިޔާގެ ކަމަކު، ޖިޔާ އިނީ ބަލިވެ، ރިހާމު، އޭނާ ބަނޑުބޮޑު، މިއީ ކޮންމެހެންވެސް ރިހާމަށް އިނގެންޖެހޭ ކަމެއްވީމަ މި ގުޅީ” ޝާކިރާ މިހެންބުނެ ނިމުނުއިރުވެސް ރިހާމުގެ ފަރާތުން އެއްވެސް ޖަވާބެއް ނައެވެ. ދެން އެނގުނީ ރިހާމު ކުއްލިއަކަށް ފޯނު ކަނޑާލި ކަމެވެ. ޝާކިރާ ފޯނަށް ބަލާލާފައި އަނެއްކާވެސް ރިހާމަށް ގުޅިއެވެ. ޝާކިރާ ބޭނުންވަނީ އަލުން ޖިޔާ އާއި ރިހާމު ގުޅޭށެވެ. ދަރިފުޅު އުފަންވުމުގެ ކުރިން އެ ކައިވެނި ރުޖުޢު ކުރާށެވެ. އެހެންނަމަވެސް ރިހާމު އޭނާގެ ފޯނުކޯލެއް ނުނެގިއެވެ. ގުޅާ ކޮންމެފަހަރަކު ބިޒީކޮށްލަނީއެވެ. ހާސްވެ ކަންބޮޑުވެފައި ހުރެ ޝާކިރާ ކޮޓަރިން ނުކުތެވެ.

* * * *

“ހެލޯ…” ނާވީ ގުޅާވަރުން ފޯނު ނުނަގާ ނޯވެވިގެން އެންމެ ފަހުން ޒުހާ ފޯނު ނެގިއެވެ.

“ކީއްވެތަ ތިހާ ލަހުން ފޯނުނެގީ، ކިހާ ވަރަކަށް ގުޅައިފިން، އަނެއްކާ ޒޫކޮށް ވެސް އަހަރެންދެކެ ރުޅި އައީތަ” ނާވީ އަހާލީ ވަރަށް ގާތް ގޮތަކަށެވެ. އޭނާއަށް ޒުހާއަކީ ޖިޔާގެ ކޮއްކޮކަން ބުނެދިނީ ޚުދު ޒުހާއެވެ.

“ނޫން، އެކަމަކު ނާވީ ބޭނުންވެގެން ތިއުޅޭ ކަންތައް ނުވާނޭތީވެ، ފޯލްސް ހޯޕެއް ދޭން ބޭނުންނުވާތީ” ޒުހާ ވާހަކަދެއްކީ ވަރަށް މަޑުމަޑުންނެވެ. އޭރު ނިދަން އަރާ އޮތް ޖިޔާއަށް ނުނިދެއެވެ. އޭނާއަށް ޒުހާ އޮތީ ފޯނުގައި ކަން އިނގެއެވެ. އެހެންނަމަވެސް އެކަން ހުއްޓުވާކަށް ނޫޅުނެވެ. އަޅާނުލާ އޮތީ ޒުހާ ދައްކާ ވާހަކައެއް އަޑުއެހުމަށެވެ.

“ތިބުނި އެއްޗެއް ނުވިސްނުނު، އަހަރެން ބޭނުންވަނީ ކޮންކަމެއްކަން ޒޫކޮޔަށް އެނގުނީ ކިހިނެއް” ނާވީ ވަރަށް ނޫންކަމަށް ހެދެމުން ބުނެލިއެވެ.

“ނާވީ ބޭނުންވަނީ ޖީ އާއި ރައްޓެހިވާންކަން އަހަންނަށް އެނގެޔޭ، ނާވީ ހީކުރަނީ އަހަރެން ވަރަށް ސްޓުޕިޑް ކަމަށްތަ” ޒުހާ ހީނލާފައި ބުންޏެވެ.

“ނޫނޭ، ތީ ވަރަށް ބޯރަނގަޅު ކުއްޖެއް، އެހެންވީމަ ޒޫކޮށް ތިބުނަނީ ޖީ އަހަންނާ ގަޔާ ނުވާ ވާހަކަ ދޯ” ނާވީއަށް ޔަގީންވާއިރުވެސް އަހާލިއެވެ.

“ސޮރީ އިނގޭ، އަހަރެން ވަރަށް ޓްރައިކުރިން” ޒުހާގެ އަޑުންވެސް އޭނާ އެބުނި އެއްޗެއްގެ ތެދުކަން ނާވީއަށް ނަގައިގަނެވުނެވެ. އެހެންނަމަވެސް ނާވީ ހުރީ އެހާ ފަސޭހައިން ބަލި ޤަބޫލުކުރާގޮތަކަށް ނޫނެވެ. އޭނާއަށް ހަމަރަނގަޅަށްވެސް ޖިޔާދެކެ ވަނީ ލޯބިވެވިފައެވެ. ޖިޔާ އޭނާގެ މީހަކަށް ވުމަށް އިންތިހާއަށް ބޭނުންވެސްވެއެވެ. އެކަމަކު މަޖުބޫރުކުރާކަށް އޭނާ ބޭނުމެއްނޫނެވެ. ޖިޔާގެ ހަޔާތުގެ ސަފްހާތަކާއި ބެހޭގޮތުން ނާވީ ސުވާލު ކުރީ ޒުހާ އާއިއެވެ. ގާތުގައި އޮތް ޖިޔާއަށް ޒުހާ ބަލާލުމާއިއެކު ނާވީއަށް ޖިޔާގެ ހަޔާތުގެ ވާހަކަ ކިޔާދޭން ފަސްޖެހުނެވެ.

“ޕްލީޒް ނާވީ، އަހަރެން ގާތު ތިވާހަކަ ނާހާ، ތިހުރިހާ ސުވާލަކަށް ޖަވާބުދޭނީ ޖީ” ޒުހާ ބުންޏެވެ.

ފޯނުކޯލު ކަނޑާލިއިރުވެސް ނާވީއަށް ޖިޔާގެ ހަޔާތާއި ބެހޭގޮތުން އެއްވެސް ކަމެއް އޮޅުމެއްނުފިލިއެވެ. އަނެއްކޮޅުން ޒުހާ ބުންޏަސް ނާވީ ބޭނުންވެގެން އުޅޭ ޖަވާބުތައް އޭނާއަށް ލިބޭނީ ޖިޔާ އޭނާ އާއި ވާހަކަދައްކަން އެންމެކުޑަމިނުން ޤަބޫލުވާނަމައެއް ނޫންހެއްޔެވެ. ޖިޔާ އެހާ ބޮޑަށް ނާވީދެކެ ހިތްހަމަނުޖެހެންވީ ސަބަބެއްވެސް އޭނާ އެނގެން ބޭނުންވެއެވެ. އެނދުގައި އޮށޯވެލައިގެން އޮތް ނާވީ ފުންނޭވާއެއް ބޭރުކޮށްލުމާއިއެކު ނިތުގައި ބާއްވާލާފައި އޮތް އަތުގެ ނުފުށުން ނިތްކުރީގައި މަޑުމަޑުން ޖަހާލިއެވެ.

* * * *

ފާއިތުވާ ކޮންމެ ދުވަހަކަށް އިންސާނާގެ އުމުރުންވެސް ދުވަހެއް މާޒީގެ ސާލުގެ ތެރެއަށްލާ އޮޅާލައެވެ. ރިސޯޓުގައި ދުވަސްތައް ހޭދަކޮށްފައި ޒުކަންގެ ދެމަފިރިން ގެއަށް އައިފަހުން ހުރިހާ ކަމެއްވަނީ ބަދަލުވެފައެވެ. އިބާގެ ފަރާތުން ލޯތްބާއި އަޅާލުމާއި ޒުކަންއަށް ދޭންވާ ސަމާލުކަން އިންތިހާއަށް ލިބެމުންދިޔައެވެ. ވީގޮތެއް އެއްގޮތަކަށްވެސް ޒުކަންއަކަށްވެސް ނޭނގެއެވެ. އެހެންނަމަވެސް އޭނާ އެކަމާ އުފާވިއެވެ. އޭނާގެ ހުރިހާ ވަގުތެއްވެސް މިހާރުވަނީ އިބާއަށް ހުސްކޮށްލެވިފައެވެ. ރިސޯޓު ދަތުރު ދިޔަފަހުން ތިންމަސްދުވަސް ވޭތިވެގެން ދިޔައިރު މިއަދު ޒުކަންގެ ތުންފަތުން ފެންނަމުން ދާ ހިނިތުންވުމަކީ އޭނާގެ ހުރިހާ އުންމީދެއް ފުރިހަމަވެއްޖެކަން ރަމްޒުކޮށްދޭ ހެއްކެކެވެ. އެނދުގައި އޮތް އިބާ ތެދުވަން އުޅުނު ވަގުތު އަވަސް އަވަހަށް ޒުކަން އިބާގެ އަތުގައި ހިފާލައިފިއެވެ.

“ޑޮކްޓަރު ވިދާޅުވިއެންނު މާގިނައިން ތެދުވެނޫޅޭށޭ، އިބާ ކަމެއް ބޭނުމިއްޔާ އަހަރެން ގާތު ބުނެބަލަ، އަހަރެން އެކަމެއް ކޮށްދޭނަން” ޒުކަން ލޯތްބާއި އޯގާތެރިކަމާއިއެކު ބުންޏެވެ. މިއަދު ޒުކަންގެ ދިރިއުޅުމަށް މިވަނީ ހީވެސް ނުކުރާފަދަ ބަދަލުތަކެއް އައިސްފައެވެ. އިބާގެ ފަރާތުން އޭނާއަށް ލިބިދާނޭކަމަށް އުންމީދު ނުކުރެވުނު އުފާވެރިކަމެއް ލިބިގެން ހިނގައްޖެއެވެ. ޒުކަން ބައްޕައަކަށް ވީއެވެ. އިބާގެ ބަނޑަށް ދެމަހެވެ. ހަމައެއާއިއެކު ހުރިހާ ވަގުތަކު އަރާމުކުރުމަށް ޑޮކްޓަރުވަނީ އިބާއަށް އިލްތިމާސްކުރައްވާފައެވެ. އެކަމާ ޒުކަން ހުންނަނީ ވަރަށް ސަމާލުވެއެވެ. އިބާ ވެސް ބަލިވެއިންކަމުގެ ޚަބަރު ލިބުނީއްސުރެން އުޅެނީ ވަރަށް ބަލައިގެންނެވެ. ދެމަފިރިން ކެތްތެރިކަމެއްނެތި އިންތިޒާރު ކުރަމުން ދަނީ އެ ދަރިފުޅު މި ދުނިޔެއަށް ނޭވާލާނޭ ވަގުތަކަށެވެ.

ތަހުމީނާ އަށްވެސް އިބާ ބަލިވެއިންކަމުގެ ޚަބަރު ލިބުމާއިއެކު ޤަބޫލުކުރަން ދަތިވިއެވެ. އެހެންނަމަވެސް އިބާގެ އުޅުމަށް ބަދަލުތަކެއް ގެންނަން އޭނާ މަސައްކަތް ކުރާކަން ތަހުމީނާއަށްވެސް ވަނީ ފާހަގަކުރެވިފައެވެ. ލިބުނު ޚަބަރާއިއެކު ތަހުމީނާގެ ހިތުގައި އިބާ އާއިމެދުވާ ކިލަނބުކަން ފިލައިގެން ދިޔަ ފަދައެވެ. އޭނާވެސް އަބަދުމެ ހުންނަނީ ޅީދަރިފުޅުގެ ޚިދުމަތުގައެވެ.

* * * *

ގޭން ބޭރަށް ޖިޔާ ނުކުންނަނީ ޒުހާ އާދޭސްކުރާވަރުންނެވެ. އެގޮތުން ގިނައިން ނުކުމެވެނީ ހަވީރުއެވެ. އެމީހުންނާއި ނާވީ ދިމާނުވާ އިރެއް ނުދެއެވެ. ހީވަނީ ޖިޔާ ނުކުންނާނެ އިރަކަށް ފާރަލައިގެން ހުންނަހެންނެވެ. ޖިޔާގެ ބަނޑަށް ހަތަރުމަސްވީއިރު އޭނާގެ ހިނދިހިނދި ބަނޑު ކުޑަކޮށް ބޭރަށް ފުއްޕާލައިފިއެވެ. ނަމަވެސް ލާފައި ހުންނަ ދޫ ހެދުމުން މާބޮޑަށް އޭނާގެ ބަނޑުފާޅުވާ ގޮތެއްނުވެއެވެ. ނާވީ އާއި ދިމާލަށް ޖިޔާ ފާޑުފާޑުގެ އެއްޗެހި ބުނާއިރުވެސް އޭނާގެ ހިތް ބަދަލުނުވާތީ އެކަމާ ޖިޔާ ހައިރާންވިއެވެ. ރުހުމުގައި އަނގައިން ނުބުނާތަނުގައި ރުހުމުގެ ގޮތުން ޖިޔާ، ނާވީއަށް ބަލާވެސް ނުލައެވެ. އެހެންވިޔަސް ނާވީގެ ތުންފަތަށް ވެރިވެފައި ހުންނަ ހިތްހެޔޮކަމުގެ ހިނިތުންވުމަށް ބަދަލެއް ނާދެއެވެ. އަދި ދިމާވާކޮންމެ ފަހަރަކު ޒުހާގެ އަތަށް ފިނިފެންމަލެއް ދީފައި އެމާ ޖިޔާއަށް ދިނުމަށް އެދެއެވެ. ނަވީގެ ހަރަކާތްތަކާއިމެދު ޖިޔާގެ ހިތުގައި ސުވާލުއުފެދެއެވެ. އޭނާއަކީ ކޮންކަހަލަ މީހެއްބާއޭ އަމިއްލަ ހިތާ ސުވާލުކުރެވެން ފެށުނެވެ. ބޭނުންނުވިނަމަވެސް ސިކުނޑީގެ ކަނެއްގައި ނާވީގެ ޚިޔާލުތައް ކޮށްޓަން ފަށައިފިއެވެ.

ޝާކިރާ، ރިހާމަށް ގުޅީމާވެސް ޚަބަރެއް ނުވިއެވެ. އަލުން ރިހާމާއި ގުޅޭތޯ ކުރި މަސައްކަތްވެސް ވީ ބޭކާރެވެ. އޭނާ ފޯނެއް ނުނަގައެވެ. އެކަމާ ޝާކިރާވެސް ފޫހިވާގޮތްވިއެވެ. އެވާހަކަ އެއްވެސް މީހެއްގާތު ނުބުންޏެއް ކަމަކު އޭނާ އަދިވެސް ބޭނުންވަނީ ރިހާމާއި ޖިޔާ ގުޅޭށެވެ. ޖިޔާ އާއިމެދު ޝާކިރާ ވިސްނައެވެ. އޭނާއަށް އެހީތެރިކަން ބޭނުންވާނޭ ކަންތައްތަކުގައި އެހީތެރިވެސް ވެއެވެ. ބަރާބަރަށް ޖިޔާ ގޮވައިގެން ޑޮކްޓަރަށް ދައްކަން ދެއެވެ. ރަނގަޅު ކާއެއްޗެހި ކައިތޯ ބަލައެވެ. އެހެންނަމަވެސް ގިނަފަހަރަށް އޭނާ ފެންނައިރު ހީވާނީ ޖިޔާދެކެ ހިތްހަމަނުޖެހިފައި ހުންނަ ހެންނެވެ. ރިހާމުގެ ވާހަކަ ޖިޔާގެ ގާތުގައި ދެއްކޭތޯ ޝާކިރާ މަސައްކަތް ކުރެއެވެ. އެހެންނަމަވެސް އެއިން ކޮންމެފަހަރަކު ޖިޔާ އޭނާގެ ކުރިމަތިން ގޮސް ގެއްލެނީ ހިތްހަމަނުޖެހި ރުޅިއައިސްފައި ހުރެއެވެ. އެއިން ކޮންމެ ފަހަރަކު ޝާކިރާގެ ގާތުން އެދޭހާވެސް ކަމަކީ ރިހާމުގެ ވާހަކަ އެއްވެސް ވަރަކަށް އޭނާގެ ގާތުގައި ނުދެއްކުމަށެވެ. އެ ދެމެދުގައި އޮތް ގުޅުންވަނީ އަބަދުގެ އަބަދަށް ކެނޑިފައި ކަމުގައެވެ.

ދެފަރާތަށް ފުރޮޅި ފުރޮޅިއޮތް ޖިޔާ މަޑުމަޑުން އޭނާގެ ބަނޑުގައި ފިރުމައެވެ. އޭނާގެ ބޮލުގައި ކުޑަރިހުމެއްވެސް ހުއްޓެވެ. އެންމެފަހުން ނޯވެވިގެން ތެދުވެއްޖެއެވެ. ކޮޓަރީގައި ހުރި ފެންފުޅިން ކައިރީގައި ހުރި ތައްޓަށް ފެންފޮދެއް އަޅައިގެން އައިސް ކުޑަދޮރުގެ ދޮރުފޮތިގަނޑު އެއްފަރާތްކޮށްލަމުން ބޭރުބަލާލިއެވެ. ހިމޭންކަމާއި އަނދިރީގެ ތެރެއިން އަލިއަލިކޮޅު ފެންނަމުންދެއެވެ. އެންމެންވެސް މިވަގުތު ތިބޭނީ ގަދަ ނިދީގައިކަން އެނގެއެވެ. މަޑުމަޑުން ފެންފޮދަކަށްފަހު ފެންފޮދެއް ޖިޔާ ބޮމުންދިޔައެވެ.

“ޖިޔާ، ކަންބޮޑުވަނީ ކޮންކަމަކާތަ، ބަނޑުގައި އޮތް ދަރިފުޅާ މެދުތަ، ނޫނި އެ ދަރިފުޅުގެ ބައްޕަ އާއިމެދުތަ” ކުއްލިއަކަށް ޖިޔާގެ އަމިއްލަ ޟަމީރު ގޮވާލި ކަހަލައެވެ. ފެންތަށި މޭގައި ޖައްސާލަމުން ޖިޔާއަށް ދެލޯ މަރާލެވުނެވެ.

“އާން! ކަންބޮޑުވަނީ ދަރިފުޅާމެދު އަދި އެކުއްޖާގެ ބައްޕަޔާއިމެދު، އެކުއްޖާގެ ބައްޕައަކީ ކާކުކަން ބުނެދޭނެ ގޮތެއް އަހަންނަކަށް ނޭނގޭ، އަހަރެން ކޮންތާކުން އޭނާ ހޯދާނީ، ކިހިނެއް އޭނާ ގާތު ބުނާނީ، ހަޤީޤަތް ހާމަކުރުމުން އެކަކުވެސް ޤަބޫލެއްނުކުރޭ، އަހަރެންގެ ބަނޑުގައިމިވާ ދަރިފުޅަކީ ބައްޕަނެތް ކުއްޖަކަށް ވާކަށް އަހަރެން ބޭނުމެއްނޫން، އެ ދަރިފުޅަށް ހުރިހާ އުފަލެއްލިބެން އަހަރެން ބޭނުން، ބައްޕަގެ ލޯބިވެސް” ޖިޔާ މަޑުމަޑުން އޭނާގެ ހިތާ ވާހަކަދެއްކިއެވެ. ފެންކަޅިވެފައިވާ ހާލު އޭނާގެ ސިކުނޑި ހާސްކުރުވާ ޚިޔާލުތަކާއި ދުރަށްދާން މަސައްކަތް ކުރިނަމަވެސް އެކަމެއް އޭނާއަކަށް ނުވެއެވެ. އެންމެންވެސް ޤަބޫލުކުރާ ގޮތުގައި އޭނާއަށް ލިބެން އުޅެނީ ރިހާމުގެ ދަރިއެކެވެ. އެގޮތަށް އެމީހުން ދެކޭކަންވެސް ޚުދު ޖިޔާއަށް އެނގެއެވެ. އިތުރަށް އަމިއްލައަށް ފަލީހަތްވެ ބޭޒާރުވާކަށް އޭނާ ނޭދެއެވެ. ދެންވެސް އިވުނީ އޭނާގެ އަމިއްލަ ޟަމީރު ގޮވާލިއަޑެވެ. ނާވީގެ ޚިޔާލުތައް ހިތާސިކުނޑިއަށް ވެރިވެގެން ދިއުމާއިއެކު އަވަސް އަވަހަށް ޖިޔާ ދެފަރާތަށް ބޯހޫރާލިއެވެ.

“ނޫން، ނޫން، އޭނާއަކީ ރަނގަޅުމީހެއް، އެހެންވީމަ އަހަރެން އޭނާ އާއި ގުޅެން ބޭނުންނުވަނީ، އަހަންނަށް ލިބެން އުޅޭ ދަރިފުޅުގެ ބުރަ އެހެންމީހަކާ ނުޖައްސާނަން، ނާވީއަށް އަހަރެންގެ ހަޤީޤަތް އެނގިއްޖެއްޔާ މިހާރު އެ އުޅޭ ގޮތަކަށް ނޫޅޭނެކަން ޔަގީން، މި ދަރިފުޅުގެ ބައްޕަދެކެ އިންތިހާއަށް ލޯބިވާއިރު އަހަރެން އޭނާ ދެކެ ލޯބިވާނީ ކިހިނެއް، ރެޔާއި ދުވާލު ނިމިގެންދާއިރު އަހަރެންގެ ދެލޯ އަބަދުވެސް ހޯދަނީ ދަރިފުޅުގެ ބައްޕަވީ ހިސާބެއް، އޭނާ އަހަރެން ހޯދަން ކުޑަކޮށްވެސް މަސައްކަތެއް ނުކުރޭބާއޭ ހިތަށް އަރަނީ ކިތަށް ފަހަރުކަމެއްވެސް ނޭނގެ، އަހަންނާއިމެދު ކުޑަކޮށްވެސް ވިސްނާލާކަމެއްވެސް އެނގެނީއެއް ނޫން، މީހުން ބުނާފަދައިން އަހަންނަށްވެސް ދެން އެންމެ ރަނގަޅުވާނީ އޭނާމަތިން ހަނދާންނައްތާލުންތަ، އެކަމަކު އުންމީދެއްނެތްކަމަކަށް އިންތިޒާރު ކުރެވެނީ ގަސްދުގައެއްނޫން، ހިތްބޭނުންވާގޮތަށް ކަންތައްތައް ވާނެނަމަ…” ޖިޔާ ފުންނޭވާއެއް ބޭރުކޮށްލިއެވެ. އޭރު އޭނާގެ ދެ ކޯތާފަތް ތެމިއްޖެއެވެ. މަޑުމަޑުން ދެލޯ ފޮހެލާފައި ޖިޔާ ކޮޓަރިން ނުކުތީ ވަކި މަގުޞަދެއްގައެއްނޫނެވެ. ސިޓިން ރޫމާއި ހަމައަށް ނުކުމެވުމުގެ ކުރިން އޭނާގެ ކަންފަތުގައި ރުއިމުގެ އަޑުޖެހުނެވެ. އެއާއިއެކު ޖިޔާގެ ކަންފަތް އެ އަޑުއައި ދިމާލަށް ސަމާލުވެގެން ދިޔައެވެ. ޖެހިޖެހިގެން ޝާކިރާގެ ކޮޓަރާއި ޒީޝާގެ ކޮޓަރި ހުރިއިރު އަޑުއައި ޒީޝާގެ ކޮޓަރިންކަން ޖިޔާއަށް ޔަގީންވިއެވެ. ކަންބޮޑުވެފައި ޒީޝާގެ ކޮޓަރި ދޮރުމަތީ މަޑުކޮށްލެވުނީ މިފަދަ ގަޑިއެއްގައި ޒީޝާ ރޯންޖެހޭވަރުގެ ކަމަކަށް ދިމާވީ ކޮންކަމެއްކަން ޖިޔާގެ ވިސްނުމަށް ނައީމައެވެ. ހަމަގައިމުވެސް ޒީޝާ ރޯނީ ވަރަށް ބޮޑުކަމެއް ދިމާވެގެންކަން ޖިޔާއަށް އެނގެއެވެ. ނޭވާ އެތެރެހަށީގައި ހިފާއްޓާލަމުން ކަހަލަ ގޮތަކަށް ޒީޝާގެ ކޮޓަރީގައި ޓަކި ދިނެވެ. އެއާއިއެކު ވަގުތުން ޒީޝާގެ ރުއިމުގެ އަޑު ކަނޑައިގެން ހިނގައްޖެއެވެ. ޖިޔާ ދެވަނަ ފަހަރަށް އެ ކޮޓަރީގެ ދޮރުގައި ޓަކިދިނެވެ.

“ކާކު” ޒީޝާގެ ކުރެހިފައިވާ އަޑުން ބުނެލިއެވެ. ޖިޔާ ޖަވާބުދޭން އަނގަހުޅުވާލާފަވެސް އެއްޗެއް ނުބުނެވުނީ ޒީޝާ އޭނާދެކެ އިންތިހާއަށް ރުޅިއަންނާތީއެވެ. އެހެންވެ އެއްޗެއް ބުނުމުގެ ބަދަލުގައި އަނެއްކާވެސް ދޮރުގައި ޓަކިޖެހިއެވެ. ގިނައިރެއްނުވެ ޒީޝާގެ ކޮޓަރީގެ ދޮރު ކުޑަކުޑަކޮށް ހުޅުވާލައިފިއެވެ. ގޭތެރޭގައި ހުރި ފަނޑުއަލިކަމުގެ ތެރެއިންވެސް ޖިޔާއަށް ޒީޝާގެ ރޮއެރޮއެ ރަތްވެފައި ހުރި ދެލޯ ފާހަގަކުރެވުނެވެ. ޒީޝާއަށް ދޮރުމަތީ ހުރި ޖިޔާ ފެނުމުން ވަގުތުން އައީ ރުޅިއެވެ.

“ކަލޭ މިތާ ކީއްކުރަނީ، ކީއްކުރަން މިކޮޓަރި ދޮރުގައި ޓަކިދެނީ، ދާން އުޅޭ މިތަނުން” ޒީޝާ ކޮޓަރީގެ ދޮރު ތަންމިނަށް ހުޅުވާލުމާއިއެކު ޖިޔާގެ ކުރިމައްޗަށް އަރާ މިހެން ބުނެ ނުވިތާކަށް ޖިޔާގެ ކޮނޑުގައި އަތްއަޅާ ކޮށްޕާލިއެވެ.

“ޒީއްތަ ރޮނީތަ” ޒީޝާގެ ހަރަކާތަށް ފަރުވާލެއް ނުދީ ޖިޔާ އަހާލިއެވެ.

“ކަލޭ ކޮންމެހެން މާ ރަނގަޅުވާން އުޅޭނެކަމެއްނެތް، މިބުނީނު ދާށޭ މިތަނުން” ޒީޝާ ދެލޯ އަޅާލަމުން ދަތްކުނޑިވިކާލިއެވެ.

“ޒީއްތާ، މީ އަހަރުމެން ކުރިން އުޅުނު ގޮތެއްނޫން، އަހަންނަށް ޒީއްތަ ހިތްހަމަނުޖެހޭވަރުގެ ކަމެއް ކުރެވިފައި އޮތިއްޔާ، އެކަމަށް މާފަށް އެދެން، އަހަންނަށް އެނގޭ ޒީއްތަ ކޮންމެވެސް ކަމަކާ ވަރަށް ދެރަވެގެންކަން ތިއުޅެނީ، އެހެންނޫނީ ނުރޯނެ” ޖިޔާ ދެރަވެފައި ބުނެލިއެވެ.

“ކަލޭ ހީކުރީ މާފަށް އެދުނީމަ ހުރިހާކަމެއް ހައްލުވީކަމަށްތަ، މިހުރިހާ ކަމެއްވެސް މިވަނީ ހަމަ ކަލެއާއިހުރެ، ބަލާލަން ރީތިވީމަތަ ތިމާވަރުގެ މީހެއްނެތިގެން ތިއުޅެނީ، ހިތަށް އަރާ ތިމޫނުމަތީގެ ހަންގަނޑު ނޮޅާލަންވީއޭ…” ޒީޝާ ރުޅިގަދަވެގެން ގޮސް އެ ދެލޮލުން ކަރުނަ ހިލިއްޖެއެވެ.

“ޒީއްތާ، ތިވަރުވާކަށް އަހަންނަށް ކުރެވުނު ކަމެއް ބުނަންވީނު، މިރޭ ވާނީ ހުރިހާ ވާހަކައެއް އަހަންނަށް ކިޔާދޭން، އަހަރެންގެ މައްސަލައެއްނެތް ޒީއްތަ ކޮންމެ އެއްޗެއް ކިޔަސް، ހިތްފުރެންދެން އަހަންނާދިމާލަށް އެއްޗެހި ކިޔަންވީ، އެކަމަކު މިރޭ ޖެހޭނެ ޒީއްތަ ތިހެން ތިއުޅޭ ސަބަބެއް އަހަރެން ގާތު ބުނަން، ޕްލީޒް ޒީއްތާ، ރުޅި މަޑުކޮށްބަލަ” ޖިޔާ ޖެހިލުންވެފައި ހުރެވެސް ޒީޝާގެ ގާތަށް ފިޔަވަލެއް އެޅިއެވެ. މޫނުގައި ދެއަތް އަޅަމުން ޒީޝާވަނީ ކޮޓަރިއަށެވެ. އޭނާގެ ފަހަތުން ދުވެފައިކަހަލަ ގޮތަކަށް ޖިޔާވެސް އެކޮޓަރިއަށް ވަނެވެ. ކުއްލިއަކަށް ހުއްޓެވުނު ޖިޔާއަށް އެކޮޓަރިތެރެއަށް ނަޒަރު ހިންގާލެވުނެވެ. އެނދުމަތީގައި އާއި ތިރީ ކާޕެޓުމަތީގައިވެސް ވަނީ ބޭނުންކޮށްފައި ހުރި ޓީޝޫތަކެވެ. ބާލީސްތަކާއި ކުޝަންތައް އެތަންމިތަނުގައެވެ. ޖިޔާ މަޑުމަޑުން އައިސް ޒީޝާގެ ގާތުގައި އިށީނެވެ.

“ޒީއްތާ، އާދޭސްކުރަން، ތިހާ ރުޅި އައިސްގެން ތިއުޅެނީ ކޮންކަމަކާތަ” ޖިޔާ މަޑުމައިތިރިކަމާއިއެކު ޒީޝާގެ ކޮނޑުގައި ފިރުމާލަމުން ބުންޏެވެ. ދެފަހަރަކު ޖިޔާގެ އަތް ޒީޝާގެ ކޮނޑުން ފޮޅުވާލަން އޭނާ މަސައްކަތްކުރިއެވެ. ޖިޔާއަށް އިތުރަށް ބުނާނެ އެއްޗެއް ނޭނގުނެވެ. ދެރަވެފައި އިނދެ ޒީޝާގެ ކޮނޑުގައި އަނެއްކާވެސް ފިރުމާލުން ފިޔަވައި އެހެންކަމެއް ޖިޔާއަށް ނުކުރެވުނެވެ. އެއްޗެއް ނުބުނެ އިން ޖިޔާގެ ލޮލުގައި އަޅައިގަތީ ޒީޝާގެ ބާލީސް ދަށުން ނުކުމެފައި އޮތް ފޮޓޯ ގަނޑުގައެވެ. ޒީޝާއަށް ބަލާލާފައި މަޑުމަޑުން ފޮޓޯގަނޑުގެ ކަނުގައި ހިފާދަމާލިއެވެ. ޒީޝާއަށް ހިލަމެއްވެސް ނުވެ ބާލީހުގެ ދޭތެރެއިން ފޮޓޯގަނޑު ދެމިގެން އަތުވެއްޖެއެވެ. ނުފުށުން އޮތް ފޮޓޯގަނޑުގައިވާ އެއްޗެއް ޖިޔާ ބަލާލިއެވެ. އެވަގުތު ޖިޔާގެ މޫނުމައްޗަށް ހައިރާންކަން ވެރިވެގެން ދިޔައެވެ. ޒީޝާގެ ކޮނޑުގައި ބާއްވާލެވިފައި އޮތް އަތްނަގައި އެފޮޓޯގަނޑު އަތުން ފޮހެލިއެވެ. އަދި ކުރިއަށްވުރެ ބޮޑަށް ފޮޓޮއަށް ބަލާލީ ފެނުނު އެއްޗެއް ޤަބޫލުނުކުރެވިގެން ބަލާލާފަދަ ގޮތަކަށެވެ.

“ޒީއްތާ، ޒީއްތާ، މީ… މީ ރިހާމުތަ، މި ފޮޓޯގައި މިހިރީ ރިހާމުތަ” ހައިރާންވެ ކަންބޮޑުވެފައި އިނދެ ޖިޔާ، ޒީޝާގެ ކޮނޑުގައި ހިފައި ތަޅުވައިގަންނަމުން އަހާލިއެވެ. އެއާއިއެކު ޒީޝާވެސް ސިހިގެން ދިޔަ ފަދަގޮތަކަށް ކުއްލިއަކަށް ފުންމައިގެން ތެދުވެއްޖެއެވެ. އަދި ޖިޔާގެ އަތުގައި އޮތް ފޮޓޯގަނޑު އަތުލައިފިއެވެ.

“އަހަރެންގެ އެއްޗެހި ހާވަންޖެހޭތަ، މިކޮޓަރިން ނުކުމޭ” ޒީޝާ ވަގުތުން ޖިޔާ އާއި ދިމާލަށް ހަޅޭލަވައިގަތެވެ. ވެގެން އުޅޭ ގޮތެއް ޒީޝާ ނުބުނިކަމުގައިވިޔަސް މިހާރު ޖިޔާއަށް ކޮންމެވެސް ވަރަކަށް ވިސްނިއްޖެއެވެ.

“ޒީއްތާ، އެއީ ރިހާމު ދޯ، ޒީއްތަ އާއި ރިހާމާ އޮތީ ކޮންގުޅުމެއް” ޖިޔާ ހާސްވެފައި އަހާލިއެވެ.

“އެއީ ކަލެއާ ބެހޭކަމެއްތަ” ޒީޝާ އަދިވެސް ވާހަކަދައްކަނީ ރުޅިއައިސްފައި ހުރެއެވެ. އެއްގޮތަކަށްވެސް ޖިޔާ ދައްކާ ވާހަކައެއް އަޑުއަހާކަށް އޭނާ ބޭނުންނުވާ ކަހަލައެވެ.

“އާން! ތެދެއް! އަހަންނާ ބެހޭ ކަމެއްނޫން، އަހަންނަށް އެންމެ ރަނގަޅު ޒީއްތަ ކިޔާދޭން ބޭނުންނުވަންޏާ ނުކިޔާދިނަސް، އެކަމަކު ބުނަން، ރިހާމުގެ ދިރިއުޅުމަށް އަހަރެންގެ ޢާއިލާގެ އެކަކުވެސް ދެން އަންނާކަށް ބޭނުމެއްނޫން، އޭނާއަކީ އެއްވެސް މީހަކަށް ވަފާތެރިވެވޭނޭ ފިރިހެނެއްނޫން، ހަމައެކަނި އޭނާގެ އަތުގައި އޮތް އެއްޗަކީ ފައިސާ، އެ ބޭނުމިއްޔާ އޭނާގެ ގާތަށް ދާންވީ، ފަހަރެއްގައިވެސް އޭނާގެ ފަރާތުން ލޯތްބޭ މިކިޔާ އެއްޗެއް ހޯދަން ބޭނުންވެގެން ދިއުމަކީ މޮޔަކަމެއް…” ޒީޝާއަށް ފުރަގަސް ދީގެން ހުރި ޖިޔާ ދައްކަމުން ދިޔަ ވާހަކަ މެދުކަނޑާލިއެވެ.

“ކަލެއަށް ރިހާމާއި ބެހޭގޮތުން ކޯއްޗެއް އެނގޭނީ” ޒީޝާ ހިތްހަމަނުޖެހިފައި ބުނެލިއެވެ.

“ތީގެ މާނައަކީ އަހަންނަށްވުރެ ބޮޑަށް ޒީއްތައަށް އޭނާގެ ގޮތް އެނގެޔޭތަ، އަނެއްކާ އެނުލަފާ މީހާގަނޑު ޒީއްތަ…” ޒީޝާ، ޖިޔާގެ ވާހަކަ ހުއްޓުވާލިއެވެ. އަދި މަޑުމަޑުން އެނދުގައި އިށީނދެ އަތުގައި އޮތް ފޮޓޯގަނޑަށް ބަލަހައްޓައިގެން އިނީ ރޮވިފައެވެ. ޖިޔާ، ޒީޝާއަށް ބަލަންހުރެފައި މަޑުމަޑުން އައިސް ޒީޝާގެ ގާތުގައި އެނދުމަތީ އިށީނެވެ.

“ޖިޔާ ކީއްވެތަ ރިހާމާ މެރީ ކުރީ، މި ދުނިޔެމަތިން ހަމައެކަނި އަހަރެން ލޯބިވި މީހާނޫން އެހެން މީހަކު ޖިޔާއަށް ނުލިބުނީތަ، އަހަރެންގެ މައްޗަށް އަނިޔާވެރިވާން އެނގުނީވެސް އަހަރެންގެ އެއްބަނޑުއެއްބަފާ ކޮއްކޮއަށްތަ” ޒީޝާ އިސްޖަހާލައިގެން އިނދެ ރޮމުން ބުންޏެވެ. އެވާހަކަތައް އިވިފައި ޖިޔާގެ އަނގައިން މަޑުމަޑު އާހެއް ނުކުމެގެން ދިޔައެވެ. އަދި އޭނާގެ ހިތަށް ތޫނުތަދެއް އިޙްސާސްކުރެވިގެން ދިޔައެވެ.

“ޒީއްތަ ހީކުރަނީ އަހަރެންނަކީ އެހާ ނުބައި މީހެއްކަމައްތަ، ޒީއްތައަށް ހަމަ ރަނގަޅަށް އެނގޭނެ އަހަރެން ކިޔަވާ މޮޅުމީހަކަށްވުމުގެ ހުވަފެންކަން ދެކެމުންއައީ، މީހެއްގެ އަންބަކަށްވުމަކީ އޭރު އަހަރެންގެ ވިސްނުމުގައި އެއްވެސް ވަރަކަށް އޮތްކަމެއްނޫން، އަނެއްކާ ޒީއްތަ އާއި ޒޫއްކޮއަށްވުރެވެސް އަހަރެން ކިޔެވުމަށްމޮޅު، އަހަރެންގެ ދިރިއުޅުމަށް ފިރިހެނެއްގެ ހިޔަނިވެސް އެޅެން އޭރު އަހަރެން ބޭނުމެއްނޫން، އެކަމަކު އަހަރެން ދެކެމުން އައި ހުވަފެންތަކާއި ކުރި އުންމީދުތަ ފަނާކޮށްލީ އަހަރެންގެ މަންމަގެ އަތުން، އަހަރުމެން ހުރިހާ ކުދިންގެ މަންމަ، އެ މަންމަ އަހަރެންގެ އަތް ރިހާމުގެ އަތުގެ ތެރެއަށް ލާދިނީ، ފުރަތަމަ ދުވަހުވެސް އަހަރެން އެކަމަށް އިންކާރުކުރިން، ކިތަށް ފަހަރު ބުނީ މަންމަގާތު ޒީއްތަ އާއި ރިހާމުގެ ކައިވެނި ކޮށްދޭންވީނުންހޭ، އެކަމަކު އެދުވަހު މަންމަ އަހަރެންގެ އެއްވެސް އަޑެއް ނޭހި، އެއީ ރިހާމު ބޭނުންވަނީ ހަމައެކަނި އަހަންނާއި ކައިވެނި ކުރަންކަން ބުނެފައިވާތީ، އަހަރެންގެ މުޅި މުސްތަޤުބަލް ރިހާމުގެ ސަބަބުން ބަނަވެ އަނދިރިވެގެންދިޔައީ، ޒީއްތާ، ރިހާމު އަމިއްލައަށް މަންމަ ގާތުގައި އަހަރެންގެ ކައިވެންޏަށް އެދުނީ، މިއަދު މިފެންނަ މުއްސަނދިކަމަކީ ރިހާމު އަހަރެންގެ ބަދަލުގައި މަންމައަށް ދިން އަގު، އަހަރެން ކުޑަކޮށްވެސް ރިހާމުދެކެ ލޯތްބެއް ނުވޭ، އޭނާގެ ސަބަބުން އަހަރެންގެ ހަށިގަނޑަށް ލިބުނީ އިތުރު ވޭންތަކެއް، އަހަރެންގެ އެކަނިވެރިކަން ދިޔައީ އިތުރުވެގެން، އަހަރެންގެ ޢާއިލާ އާއި ދުރުކުރުވި، ރުޔަސް ހަޅޭލެވިޔަސް މީހަކަށް އަހަރެންގެ އަޑުނީވޭވަރު އޭނާ ކުރި، އޭނާ އަހަރެން މިދުނިޔެ މަތިން ފޫހިކުރުވި، ޒީއްތާ، އަހަރެންދެކެ ކިތަންމެ ރުޅިއަޔަސް، މިއަދު އަހަރެންމިހިރަ މަގާމަށް ޒީއްތަ އަންނާކަށް އަހަރެން ބޭނުމެއްނޫން، އެދުވަހު ޒީއްތަ އާއި ރިހާމު ކައިވެނި ކުރިނަމަ މިއަދު ޒީއްތަ ކުރާނެ ހިތާމަ އަހަންނަށް ވަރަށް ރަނގަޅަށް އިޙްސާސްވޭ… ޝުކުރުކުރަން އެހެން އެގޮތަށް ނުވީތީ، ޝުކުރުކުރަން އޭނާގެ އަނިޔާވެރިކަން ޒީއްތައަށް ތަޙައްމަލު ކުރަން ނުޖެހުނީތީ…” ޖިޔާއަށްވެސް ރޮވިއްޖެއެވެ. މަޑުމަޑުން ދެލޯ ފޮހެލާފައި އަވަސް އަވަހަށް އޭނާ ތެދުވެގެން އެކޮޓަރިން ނުކުންނަން ހިނގައިގަތެވެ. އެއްޗެއް ނުބުނެ އިން ޒީޝާ ނޭފަތް އެތެރެއަށް ދަމާލިއެވެ. އަދި އޭނާ އާއި ދުރަށް ދިއުމަށް ހިނގައިގަތް ޖިޔާގެ އަތުގައި ހިފައި ގެނެސް އެނދުމަތީ ބޭންދިއެވެ. ޖިޔާއަށްވެސް އިތުރަށް ބުނާނެ އެއްޗެއް ނޭނގުނެވެ. ޒީޝާ އާއި ދިމާލަށް ބަލަން އިނދެވުނީއެވެ. އެހިނދު އިސްޖަހާލައިގެން އިން ޒީޝާ އޭނާ ހިތުގެ އަޑިން ނަފުރަތުކުރި ކޮއްކޮ އާއި ދިމާލަށް ކަރުނުން ފުރިފައިވާ ދެލޮލުން ބަލާލިއެވެ. ހަތަރުކަޅި ބައްދަލުވި ހިނދު ދެބެންނަށް ކެތެއްނުވިއެވެ. ޒީޝާ، ޖިޔާގެ ގައިގާ އޮޅުލައިގަތެވެ. ޖިޔާވެސް ޒީޝާގެ ގައިގާ ބާރަށް ހިފާއްޓާލަމުން ރޮވިއްޖެއެވެ. އެގޮތަށް އެތަށް އިރަކު ދެބެން ރޯންތިއްބެވެ. ފުރަތަމަ ދުރަށް ޖެހިލީ ޒީޝާއެވެ. އޭނާ އެނދުމަތީ އޮތް ޓިޝޫ ފޮށިގެނެސް ކައިރީގައި ބަހައްޓާލަމުން ޓިޝޫއިން މޫނުފޮހެލިއެވެ. އަދި ޖިޔާއަށް ޓިޝޫ ދިނެވެ.

“އެނގޭ ޖިޔާ ދޮގެއް ނުހަދާނެކަން، އެކަމަކު އަހަރެންގެ ހިތް ޤަބޫލުކުރަން ބޭނުންނުވީ ރިހާމު ބޭވަފާތެރިވެދާނެއޭ، މަންމަ ކީއްވެބާ އެހާ ދަށުދަރަޖައިގެ ޢަމަލެއް އެ ހިންގީ، އޭރުވެސް އަހަރުމެންނަށް މީހުންނަށް ނުދަރައި އުޅެވެއެންނު، ފައިސާގެ ބޭނުމުގައި ޖިޔާ ވިއްކާލުމުގެ ހައްޤު މަންމައަކަށްވެސް ނޯންނާނެ، ހަޤީޤަތުގައިވެސް ރިހާމު އެކުރީ ވިޔަފާރި، ދުވަހަކުވެސް އޭނާގެ ފަރާތުން އެފަދަ ޢަމަލެއް ފެނިގެން ހިނގައިދާނެކަމަށް ހީނުކުރަން، ޖިޔާގެ ކައިވެނި ކުރެވުނީ ނުރުހުމުގައިކަން އެނގުނުނަމަ އަހަރެން އެކަން ހުއްޓުވީމުސް، ވަރަށް ދެރަވެއްޖެ، އޭނާ މި ޢާއިލާ އާއި އެކުޅެލީ ބޮޑުކުޅިގަނޑެއް، ރިހާމު ކަހަލަ މީހެއްދެކެ ލޯބިވެވުނުކަން އެއީ އަހަރެންގެ މޮޔަކަން…. ޖިޔާ، ލޯތްބަކީ ކިހާ ކެހެވެރި އެއްޗެއް، ކީއްވެތަ އެފަދަ ނުބައިމީހުންގެ ހެއްލުންތަކަށް މިހިތް އެހާ ފަސޭހައިން ހެއްލިގެން ދަނީ، އެމީހުންގެ ނުބައިކަން މިހިތަށް އެނގޭނެނަމަ ކިހާ ރަނގަޅުވީސް…” ޒީޝާގެ މޫނުމަތިން ފެންނަމުން ދިޔައީ އިންތިހާއަށް ދެރަވެ މާޔޫސްވެފައިވާތަނެވެ.

“އެކަމުގައި ޒީއްތަގެ އޮތީ ކޮންކުށެއް، ލޯތްބަކީ އެއްވެސް މީހަކު ގަސްދުގައިވާއެއްޗެއް ނޫން، ނޭނގިހުއްޓާ ވެވޭ އެއްޗެއް، މީހާގެ ހަޤީޤީ ކުލަ ފެންނާނީ އޭނާގެ ޢަމަލުތަކުން، އެކުގައި ވަގުތުވެސް ހޭދަކުރެވިގެން، ގާތްވިވަރަކަށް އޭނާގެ ނުރަނގަޅު ކަންތައްތަކާއި ރަނގަޅުކަންތައްތައް ފެންނަލެއް އަވަސްވާނެ… ރިހާމަށްޓަކައި ޒީއްތަގެ ލޮލުން އެންމެ ކަރުނަތިއްކެއްވެސް ވައްޓާލުމަކީ ބޭކާރުކަމެއް، އަހަރެން ބުނީތީ ޤަބޫލުކުރޭ، އޭނާއަށް އެންމެ އަންހެނެއް ގޮވައިގެން ކެތެއްނުވާނެ، އަންބެއްގެ ގޮތުގައި އެކަކު ހުރިއްޔާ ކައިރީގައި ދެން އުޅޭ އަންހެނުންނަކީ ކޮންމެވެސް ގޮތަކުން އޭނާގެ ލޯބިވެރިންނަށް ހަދާނެ، އެކަހަލަ ފިރިހެނަކާއިއެކު ދުވަހަކުވެސް އުފާވެރި ދިރިއުޅުމެއް ނުލިބޭނެ، އަހަރެންގެ އުމުރުން ކިތަންމެހާވެސް ހަގު، އެކަމަކު މި ދުނިޔެއަށް އަހަރެންގެ ލޯ ހުޅުވިއްޖެޔޭ އަހަރެން ބުނާނީ، ދުރުންބަލާލަން މަންޒަރުގެ ކުލަ ރީތިވެފައި ލޮލަށް ކެހިދިނަސް، ކައިރިވާއިރު އެމަންޒަރުގައިވެސް ހުންނަ އައިބުތައް ސާފުވެ އެނގިގެން ދޭ” ޖިޔާގެ ވާހަކަތަކުގައި ފޮރުވައިވާ ހިތްދަތިކަން ޒީޝާއަށް މިރޭ ނަގައިގަނެވިއްޖެއެވެ. މިހާ ދުވަހު އޭނާގެ ހިތުގައި ޖިޔާ އާއިމެދު ނަފުރަތުގެ އަލިފާންރޯކޮށް އޭގެ ހުޅުގަނޑު ބޮޑުކުރަމުން އައިއިރު ޖިޔާއަށް ލިބިފައިވާ އެކަނިވެރިކަމާއި ހިތްދަތިކަން އިޙްސާސް ނުކުރެވުނީތީ ޒީޝާ ވަރަށް ދެރަވިއެވެ. ޖިޔާގެ ކޮނޑުގައި ހިފައި ގަޔާއިކައިރިކޮށްލަމުން ޖިޔާގެ ބޮލުގައި ޒީޝާގެ ބޯޖައްސާލިއެވެ.

“ޖިޔާއަށް ރިހާމު އަނިޔާވެސް ކުރޭތަ” ޒީޝާގެ ހިތަށް އެރި ސުވާލު މިފަހަރު ކޮށްލީ އެއްވެސް ޖެހިލުމެއްނެތިއެވެ.

“ކީއްވެ އެއްޗެއް ނުބުނީ، ތިހަމަހިމޭންކަމުގެ މާނައަކީ އާނއެކޭތަ” ޖިޔާ އަނގައިން ނުބުނެ އިންނަން ފެށުމުން ޒީޝާ ވާހަކަދެއްކިއެވެ. ކުރިއަށްވުރެވެސް ބޮޑަށް ޖިޔާ އިސްޖަހާލިއެވެ.

“އަހަންނަކީ ރިހާމު ބަންދުކޮށްގެން ގެންގުޅުނު ގައިދީއެއް، އެއްވެސް މީހަކާ ބައްދަލުކުރުމަކީ އަހަންނަށް މަނާކަމެއް، ގޭން ނުކުމެގެން ދާން އުޅޭތީ އެކަމާ އޭނާ އަހަންނަށް އަނިޔާކުރީ” ޖިޔާ މަޑުމަޑުން ބުނެލިއެވެ. ޒީޝާ ކުރިއަށްވުރެވެސް ޖިޔާ ގާތްކޮށްލަމުން ބާރަށް ހިފާއްޓާލިއެވެ. އޭނާގެ ދެލޯ މަރާލެވުނީ ރިހާމު އެހާ ދަށުދަރަޖައަކަށް ވެއްޓުނީތީއެވެ. ޒީޝާގެ ހިތުގައި އޭނާއަށްޓަކައި އުފެދިފައިވާ ލޯތްބާއި ގަދަރުގެ އަގުވެއްޓިގެން ދާކަށް ކުޑަހިނދުކޮޅެއްވެސް ނުނެގިއެވެ. އިތުރަށް ރިހާމުގެ ވާހަކަދައްކަންވެސް އޭނާ ބޭނުމެއްނުވިއެވެ.

“ޖިޔާ މިގަޑީގަ ނުނިދާ ކީއްކުރަނީ، ތަނަކަށް ދާންތަ ތިއުޅެނީ” ހަމަހިމޭންކަމުގެ ވަގުތުކޮޅަކަށްފަހު ޒީޝާ މަޑުމައިތިރިކަމާއިއެކު އަހާލިއެވެ.

“ނޫން! ތަނަކަށް ދާކަށްނޫން، ހަމަ ނުނިދިގެން ކޮޓަރިން ބޭރަށް ނުކުމެލީ، ޒީއްތަ އަހަރެންދެކެ ރުޅި ނާންނައްޗޭ، އަހަރެން ދުވަހަކުވެސް ޒީއްތަ ދެރަވާރުކަމެއް އެނގިހުރެއެއް ނުކުރާނަން” ޖިޔާ، ޒީޝާއަށް ބަލާލަމުން ބުންޏެވެ.

“ރުޅިއާދެވުނީމަ މިހާރު މިއިނީ ވަރަށް ދެރަވެފައި، ދެން އެވާހަކަނުދައްކަމާ، ބޭކާރުމީހުންގެ ވާހަކަދައްކާ ވަގުތުތަކެއް އިތުރަށް ނަގާލަންވީ ކީއްކުރަން، ޖިޔާވެސް ދޭ ކޮޓަރިއަށް، މިހާރު ވަރަށް ލަސްވެއްޖެ، ޕްރެގްއިރުގަ ވަކިންބޮޑަށް އަރާމުކުރަންވާނެ، ނުނިދުނިސް އޮށޯވެލައިގެން އޮވޭ، ދެން މާބޮޑަށް ކަންތައްތަކާ ފިކުރުނުކުރާތި، އެއީވެސް ސިއްހަތަށް އެހާ ފައިދާހުރިގޮތެއް ނޫން” ޒީޝާ ހިނިތުންވެލަމުން އެނދުން ތެދުވިއެވެ. ޖިޔާ އާއިއެކު ޒުހާގެ ކޮޓަރިއާއި ހަމައަށް ޒީޝާ ދިޔައެވެ.

އެނބުރިއައިސް ކޮޓަރިއަށް ވަން ޒީޝާ ދޮރުލައްޕާ ތަޅުލުމާއިއެކު އެނދުގައި ގަބުފައި އެތަށް އިރަކު އިނެވެ. ރިހާމާއިމެދު އަދިވެސް އޭނާއަށް ވިސްނެނީއެވެ. އޭނާ އެހާ ނުބައިވެދާނެބާއެވެ. ޒީޝާގެ ޚިޔާލުތައް މާޒީގެ ސަފުހާތަކުން ހިރަފުސްފޮޅާލަމުން އެ ދުވަސްތަކާއި ދިމާލަށް ދަތުރުފެށިއެވެ. ގޭގައި ކިޔަވަން ހުރި ރިހާމު ކިލާސް އެގާރައިގައި ކިޔަވަމުން ދިޔައިރު ޒީޝާ އުޅެނީ އަމީނިއްޔާ އިސްކޫލުގެ ނުވަވަނަ ކިލާހުގައެވެ. އެއީ އެދެމީހުންގެ މެދުގައި ފުރަތަމަ ގުޅުމެއް އުފެދުނު ހިސާބެވެ. ރިހާމު ހެނދުނު މަދުރަސާއަށް ދާންއޮވެއްޖެނަމަ ޝާކިރާ، ޒީޝާ މަދުރަސާއަށް ފޮނުވަނީ ރިހާމާއި ހަވާލުކޮށްފައެވެ. އެ ދެކުދިން އެކުގައި ދާތަން ޒީޝާގެ ރަޙުމަތްތެރިންނަށް ފެނި އެވާހަކަ ދެކެވެން ފެށުމުން ޒީޝާގެ ވިސްނުންވެސް ރިހާމާއިމެދު ބަދަލުވެގެން ދިޔައީއެވެ. ހިތުގައި ލޯބި ފޮރުވައިގެން ހުއްޓާ އެކަމަށް އެދި ހުށަހެޅީވެސް ރިހާމެވެ. މަދުރަސާ ނިންމާފައި ދެކުދިން އެކީގައި ގެއަށް އަންނަނިކޮށެވެ. އެދެމެދުގައި ލަދުވެތިވާފަދަ އެތައްގުޅުންތަކެއް ހިނގައިފައިވެއެވެ. ގޭތެރޭގައި އެއްވެސް މީހަކަށް ނޭނގޭނޭހެން ސިއްރުންނެވެ. ކުއްލިއަކަށް ޒީޝާ އޭނާގެ މޫނުގައި ދެއަތް އަޅާ އަވަސް އަވަހަށް ދެފަރާތަށް ބޯހޫރަންފެށިއެވެ. މޫނުމަތިން އަތްނެނގިއިރު އޭނާއަށް އަނެއްކާވެސް ރޮވިއްޖެއެވެ. ޒީޝާގެ ހިތް ރިހާމު ކުށްވެރިކުރިއެވެ. އޭނާ އާއިއެކު އެފަދަ ގާތްގުޅުންތަކެއް ހިންގުމަށްފަހު އޭނާގެ ކޮއްކޮ އާއިވެސް ގާތްވީތީއެވެ. އެ ޚިޔާލުގެ ސަބަބުން ޒީޝާގެ ހިތަށް ވަރަށް އުނދަގޫވެގެން ދިޔައެވެ. ރިހާމު، ޖިޔާ ބޭނުންވާއިރު އޭނާ އާއި ގާތްވީ ކީއްވެބާއޭވެސް ޒީޝާގެ ހިތުގައި ސުވާލު އުފެދެއެވެ. ނަމަވެސް އެޖަވާބު އޭނާގެ ޟަމީރު ދިނެވެ. ރިހާމަކީ ޖިޔާ ބުނާފަދައިން އެންމެ އަންހެނަކުން ފުދޭނޭ ފިރިހެނެއްނޫން ކަމެވެ. ކިތަންމެ ފޫހިވިޔަސް އޭނާ ރިހާމުދެކެވީ ހަޤީޤީ މަތިވެރި ލޯތްބެކެވެ. އޭނާ ރިހާމަށް ވަފާތެރިވުމުގައި ހުއްޓެވެ. ނަމަވެސް އޭނާގެ ވަފާތެރިކަމުގެ އެއްވެސް އަގެއް ރިހާމުގެ ކުރިމަތީގައި ނެތެވެ. މިރެއާއި ހަމައަށްވެސް ޒީޝާގެ ދިރިއުޅުމަށް ރިހާމު ނޫން ފިރިހެނަކު  އަދި ނާދެއެވެ.

ދުނިޔެ އެނބުރެމުން ދަނީ ދޮށަލިދުޅަޔަށޭ ބުނެއުޅެނީ ރަނގަޅަށެވެ. އަޑިގަނޑަކަށްފަހު އުސްގަނޑެއް އާދެއެވެ. ހެނދުނު ސައިބޯން މޭޒުކައިރީގައި އިން ޒީޝާއަށް އެކަން ވަރަށް ރަނގަޅަށް އިޙުސާސްކުރެވިއްޖެއެވެ. އެކި ދުވަހު މި ދުނިޔެ ދައްކާނީ އެކި މަންޒަރުކަން އޭނާ ޤަބޫލުކުރިއެވެ. ހިތަށް ދަތުވިޔަސް ހަޤީޤަތް އެނގުމުން ކުރިން ލިބެމުންދިޔަ ވޭން ލުއިވެއްޖެކަން ޔަގީނެވެ. ޒުހާ އާއި ޖިޔާ ސައިބޯން އައިއިރު ޒީޝާ އިންތަން ފެނުމުން ޒުހާ އެނބުރި އައިކޮޅަށް ދާން ހިނގައިގަތީ ފޫހިކަމާއިއެކުއެވެ. އެވަގުތު ޖިޔާ، ޒުހާގެ އަތުގައި ހިފާއްޓާލަމުން އޭނާގެ ލޮލުން އިޝާރާތްކޮށްލީ ނުދާށޭ ބުނާފަދަ ގޮތަކަށެވެ. ނަމަވެސް ޖިޔާގެ އަތް ފޮޅުވާލާފައި ޒުހާ އޭނާގެ ކޮޓަރިއަށް ގޮސް ވަނެވެ.

“އިޓްސް އޯކޭ” ޒީޝާ ސައިޖޯޑު ހުސްކޮށްލަމުން ތެދުވެ ޖިޔާއަށް ލުއިގޮތަކަށް ހީނލާފައި ބުންޏެވެ.

“ޒޫކޮށްއަށް ހަޤީޤަތް ނޭނގޭތީ އެހެން އެއުޅެނީ، އަހަރެން ބޭނުމެއްނޫން މިކަން އެއްވެސް މީހަކަށް ސިއްރުވެފައި އޮންނާކަށް، ޒީއްތާ، ރިހާމުގެ ސަބަބުން މިޢާއިލާގެ ގުޅުންމިވަނީ ހީނަރުވެފައި، ނޫންތަ، އެހެންވީމަ ކީއްކުރަން އިތުރަށް ކަންތައްތައް ސިއްރުކުރަނީކީ” ޖިޔާ އައިސް ކާމޭޒުކައިރީ ހުއްޓިލަމުން ޒީޝާއަށް ބުންޏެވެ.

“ނޫން ޖިޔާ، މަންމަ އާއި ހަމައަށް އެވާހަކަދާކަށް އަހަރެން ބޭނުމެއްނޫން، އިތުރަށް މައްސަލަގޯސްވުމަކީ ވެސް އެކަށީގެންވާކަމެއް، މަންމައަކީ ގޮތްދޫނުކުރާ މީހެއްކަން ޖިޔާއަށް އެންމެ ރަނގަޅަށް އެނގޭނީ، ޕްލީޒް ޖިޔާ، އެވާހަކަ އިތުރަށް ދައްކާކަށް އަހަރެން ބޭނުމެއްނޫން، އަހަރުމެންގެ މެދުގައި އެއްބަނޑުއެއްބަފާކަމުގެ ލޯބި ދެމިއޮތުމަށް އަހަރެން ބޭނުން…” ޒީޝާ އެއްގޮތަކަށް ވެސް ރިހާމާއި އޭނާ އާއި ދެމެދު އެއްވެސް ގުޅުމެއް އޮތްކަމުގެ ހިލަމެއް ޝާކިރާއަށް އަންގާކަށް ބޭނުމެއްނޫނެވެ. އިތުރަށް ޖިޔާ ވެސް އެއްޗެއް ނުބުންޏެވެ. އިރުކޮޅަކު މަޑުކޮށްލުމަށްފަހު އޭނާވެސް އެނބުރި އައިސް ކޮޓަރިއަށް ވަނީއެވެ.

“ޒުހާ، ކީއްވެތަ ސައިނުބޮއެ ތިއައީ، ޒީއްތަ އިނީމަތަ” ޖިޔާ ކޮޓަރިއަށް ވަންގޮތަށް އެނދުމަތީ އައިޕެޑް ހިފައިގެން އިން ޒުހާއަށް ބުންޏެވެ.

“އާން! ހަމަ އޭނާއިނީމަ މިއައީ، މިއަދު އޮފީހަށްވެސް ނުދާ ދުވަހަކީތަ، ތަންކޮޅެއް ބޮޑަށް ޒުވާބުކޮށްލަން ބޭނުންވީކަންނޭނގެ” ޒުހާ ހިތްހަމަނުޖެހިފައި އިން ރާގެއްގައި ބުންޏެވެ.

“ޒޫކޮށް، ތިވިސްނަނީ އަދި ރަނގަޅަކަށްނޫން، ޒީއްތަ އެހެން އެ އުޅެނީ ސަބަބަކާ ނުލައެއް ނޫނޭ، އެކަމަކު ދެން ނީވޭނެ ޒީއްތަ އަހަންނާ ޒުވާބުކޮށް އެއްޗެހިކިޔާ އަޑެއް، ޒޫކޮށް ތިހާ ހިތްހަމަނުޖެހިގެން ތިއުޅެނީ ޒީއްތަ އަހަންނާ ދިމާލަށް އެއްޗެހި ކިޔާތިއެންނު، ޒޫކޮށް އާއި މެދު ޒީއްތަ ކަންތައްކުރަނީ އެގޮތަކަށް ނޫނެންނު” ޖިޔާ އައިސް އެނދުމަތީ ޒުހާ އާއި ކުރިމަތިވާގޮތަކަށް އިށީންނަމުން ބުންޏެވެ.

“އޭނައަށް ނުހުރެވޭނެ ޖީ އާއި ދިމާލަށް އެއްޗެއް ނުބުނެ، އަހަންނާ ދިމާލަށް އެއްޗެއް ނުބުންޏަސް، އަހަރެން މިހުންނަނީ ވަރަށް ފޫހިވެފަ މިގޭ މީހުން ޖީ އާއިމެދު ކަންތައްކުރާގޮތުން، މަންމަ އާއި ޒީއްތަ އެއުޅެނީ އެއްބަސްކިޔައިގެން ކަންނޭނގެ، ހުރެބަލަ، ތި ރިހާމެއް މަށަށް ފެނިއްޖެއްޔާ ނިމުނީ” ޒުހާ ދަތްކުނޑިވިކާލަމުން މިހެން ބުނިތަން ބަލަން އިން ޖިޔާގެ ކައިރިއަށް އައީ ހިންޏެވެ.

“ޒޫކޮށް ތިހާ ރުޅި ގަދަކަމެއް ކުރިއަކުން ނޭނގޭ، ބަލާބަލަ، މިހާރު ތިއޮތްގެން މުޅި މޫނުވެސް ރަތްވަނީ، ދެން އިރުކޮޅަކުން ކަންފަތުން ދުން ކަންނޭނގެ ނުކުންނާނީ” ޖިޔާ ސަމާސާ ރާގެއްގައި ވާހަކަދެއްކިއެވެ.

“އަހަންނަށް ވަރިހަމަ، ހިތަށް އަރާ ޖީ ކީއްވެބާއޭ އެއްވެސް ކަމެއް ނުވާކަމަށް ހެދިގެން ތިހާ ކޫލްކޮށް ތިއުޅެނީ” ޒުހާ އަތުގައި އޮތް އައިޕެޑު އެނދުމަތީ ބާއްވާފައި އޭނާގެ ސަމާލުކަން ޖިޔާއަށް ދެމުން ބުންޏެވެ.

“ހަމަޖެހިފައި މިވާހަކަތައް އަޑުއަހާލަބަލަ، ޒީއްތަ އެހާ ރުޅި އައިސްގެން އެ އުޅެނީ ހަމަ ރިހާމާއި ހެދި، އެއްވެސް މީހަކަށް ކިޔާ ނުދޭށޭ ކިޔާފަ ޒީއްތަ އަހަރެން ގާތު މިވާހަކަ ކިޔާދިނީ، އެކަމަކު އަހަރެން ބޭނުމެއްނޫން އަހަރުމެން ތިންބެއިންގެ މެދުގައި ނަފުރަތުގެ ފަރުދާއެއް ދަމާލެވިފައި ހުންނާކަށް، ރޭގައި އަހަންނަށް ނުނިދިގެން ނުކުތީ ބޭރަށް….” ޖިޔާ އޭނާ އާއި ޒީޝާގެ މެދުގައި ރޭގައި ހިނގައިދިޔަ ކަންތައްތައް ޒުހާއަށް ކިޔާދިނެވެ. ހުރިހާކަމެއް އޮޅުން ފިލަމުން ދިޔަވަރަކަށް ޒޫހާގެ މޫނުމަތީގައިވި ރުޅިވެރިކަމުގެ ކުލަވަރުފިލާ ހައިރާންކަން ވެރިވަމުން ދިޔައެވެ. ޤަބޫލުނުކުރެވިފައި އިންފަދަ ގޮތަކަށް އަނގަހުޅުވި އާޝޯހުވެފައި ޒުހާ އިނެވެ.

“އެހެންވެއޭ މިބުނަނީ ޒީއްތަ އެހެން އުޅުނީ ސަބަބެއްނެތިއެއްނޫނޭ، އެކަމަކު ދެން އެގޮތަކަށް އޭނާ ނޫޅޭނެކަން އަހަންނަށް އެނގޭ، ވަރަށް ދެރަވެސްވި، އެކަމަކު އުފާވެސްވި، އެ ރިހާމުގެ އަތްދަށުން ޒީއްތަ ސަލާމަތްވީތީ، އިންސާނާ ލޯބީގެ އަވައިގައި ޖެހުމުން ނުކުރާނެކަމެއް ނޯންނާނެ، މުޅި ދުނިޔެއާއި ހަނގުރާމަ ކުރަންޖެހުނަސް އޭނާއަކީ ސާބިތުކަމާއިއެކު ހުރި ކުޅަދާނަފަހުލަވާނަކަށް ވާނެކަން ޔަގީން، ޒޫކޮށްއަށްވެސް ލޯބިވެވުނީމަ އެ އިޙްސާސްތައް އެނގޭނީ” ޖިޔާ މިހެންބުނެ ލުއިލުއި ހިނިތުންވުމެއް ޒުހާއަށް ދިނެވެ.

“ހާދަ ނުލަފާ މީހެކޭ އެ ރިހާމަކީ، އަހަރެން ބޭނުންވަނީ އޭނާގެ ކަރުގައި ހިފަން” ޅަގޮތަކަށް ކުރިމައްޗަށް ދެއަތްދަމާލާފައި ޒުހާ ބުންޏެވެ. އެއާއިއެކު ހިނިއައިސްފައި އިން ޖިޔާއަށް ތަންކޮޅެއް ބޮޑަށް ހެވުނެވެ.

“ދެން ހިނގާ ސައިބޯން، ވަރަށް ބަނޑުހައިވެސް ވެއްޖެ” ޖިޔާ، ޒުހާގެ އަތަށް ދަމާލަމުން ބުންޏެވެ.

* * * *

ފަސްމަސްދުވަސް ފަހެވެ. ކޮންމެ ދުވަހަކު ނާވީ، ޒުހާއަށް ގުޅައެވެ. ހަމަ އެންމެ ބޭނުމަކުއެވެ. ޖިޔާގެ ހާލުބެލުމަށެވެ. އެހެންނަމަވެސް އެއްފަހަރުވެސް ޖިޔާ އޭނާ އާއި ވާހަކަދައްކާކަށް އެއްބަހެއްނުވެއެވެ. އެހެންނަމަވެސް ޖިޔާއަށް ވެސް ނިދަން އޮށޯވެއްޖެނަމަ ޒުހާގެ ފޯނަށް ބަލާލެވޭ ފަހަރު މަދެއްނޫނެވެ. އަމިއްލަ ނަފްސަށް ހިނިތުންވެލެވެނީ ދެން ގިނައިރެއްނުވެ ނާވީ ގުޅާފާނެއޭ ހިތަށް އެރުމުންނެވެ. ދެ ދުވަހުން އެއްދުވަހު ކަހަލަ ގޮތަކަށް ޒުހާ އޭނާއަށް ރަތް ފިނިފެންމަލެއް ގެނެސްދެއެވެ. ކާކުދިން އެއްޗެއްތޯ ސުވާލުކޮށްފިނަމަ، ކޮންމެ ފަހަރަކުވެސް ޒުހާ ދެނީ އެއްޖަވާބެކެވެ. އެއީ އެމައު ދިނީ ކާކުތޯ ބަލާނެކަމެއް ނެތް ކަމުގައެވެ. ދެންވެސް ހީނލާފައި އެ މަލުގައި ޖިޔާ ހިފަނީ އެއީ ނާވީ ނޫން ދެވަނަ މީހަކު އޭނާއަށް ފިނިފެންމަލެއް ނުދޭނެކަން އެނގޭތީއެވެ. ގެއިން ބޭރަށް ޖިޔާ ނުނިކުންނަނީވެސް ނާވީ އޭނާއަށް ފާރަވެރިވާކަން އެނގޭތީއެވެ. ކޮންމެ ވަގުތަކުވެސް އޭނާ ވިހާ ފާނެކަން ޖިޔާއަށް އެނގެއެވެ. އެހާލުގައި އޭނާގެ ބޮޑު ބަނޑާއިއެކު ނާވީގެ ކުރިމައްޗަށް އަރަން ޖިޔާ ބޭނުންނުވަނީއެވެ. ނަމަވެސް ކަންތައްވީ އެހެނެއްނޫނެވެ. ޖިޔާ އޭނާގެ އަތުގައި އޮތް ފިނިފެންމަލަށް ބަލާލާ ގޮތް ޒުހާއަށް ކަމުދިޔައެވެ. މިއީ ޖިޔާގެ ހަޤީޤަތް ނާވީއަށް އެނގެންވީ ވަގުތުކަމުގައި ކަނޑައެޅީވެސް ޒުހާއެވެ. އޭނާ ޖިޔާއަށް ނޭނގި ހޯމަވިލޭރޭގެ ފިނިފިނިވައިގެ ތެރޭގައި ބުރުހަމަވެފައި އިން ޗާލު ހަނދު ދެކިލުމަށް ޖިޔާ ގޮވައިގެން ނުކުތީ ހުރިހާ ކަމެއް ސިއްރުކޮށްގެން ހުރެއެވެ. މަޑުހިނގުމުގައި ޖިޔާ އާއި ތަފާތު ވާހަކަދައްކަމުން ޒުހާ މިސްރާބުޖެހީ ޕާކާ ދިމާލަށެވެ.

“ހާދަ ފިނިރެއެކޭ، މިރޭ ދަންވަރު ވާރޭ ވެހޭނެ ކަންނޭނގެ، އެކަމަކު އުޑުމަތީގައި ވިލާ ބޯވެފައި ނެތް ދޯ، ހަނދުވެސް ކިހާ ރީތި” ޖިޔާ ފިނިކަމުން ދެއަތުގެ މުލައްދަނޑީގައި ދެއަތް ދެއަތާއި ހާކާލާފައި އުޑުމައްޗަށް ބަލާލިއެވެ.

“ފިނިތަ، އެއީ ޖީއަށް ހީވާގޮތް، ޖީ، ހާދަ ފޫއްސޭ، ވީކަންޑު ނިމުނީމަ އަނެއްކާ ވެސް ބެކްޓު ސްކޫލް” ޒުހާ ބުނެލިއެވެ. އާ އަހަރު ފެށި ޒުހާ އެގާރަވަނަ ކިލާހުގައި ކިޔަވަންފެށީއެވެ. އައު އަހަރު ދެބައިވަނީއެވެ. ބައެއް ފަހަރު ޒުހާ ކިޔަވާތަން ފެނުމުން ޖިޔާ ދެރަވާގޮތްވެއެވެ. ދިރިއުޅުމުގައި އޭނާ އެހުރި ހިސާބަށް ނާދެވުނު ނަމަ މިއަދު އޭނާވެސް އުޅޭނީ ކޮއްކޮ ޒުހާ އާއިއެކު ކިޔަވާށެވެ. ހިނިތުންވެލުމާއިއެކު ހިތަށްލިބިގެން ދިޔަ ނުތަނަވަސްކަން ޖިޔާ އަވަސް އަވަހަށް ބޭރުކޮށްލީ ފުންނޭވާއަކުންނެވެ.

ޕާކުތެރެއަށް ވަދެގެން ދިޔައިރުވެސް ޖިޔާއަށް ތަފާތުކަމެއް ފާހަގައެއް ނުކުރެވުނެވެ. އޭގެ ބަދަލުގައި ވަށައިގެންވި ގަސްތަކާއި މާތަކުން އޭނާގެ ހިތަށް ފިނިކަމެއް އިޙްސާސް ކުރެވެމުން ދިޔަ ފަދައެވެ. އަހަރުގެ އެހިސާބުގައި އެ ޕާކުތެރެ އޮންނަނީ ހިރަފުސްގޮތަކަށެވެ. ހިކިފަތްތައް ގިނަވެފައެވެ. ގަސްދޮށަށްވެރިފައި އެތަށް މަލެއް އޮވެއެވެ.

“މަންމަ ވެސް ޓެރެސްގަ ރީތި މާއަޅާ ކަހަލަ ގަސް އިންދާނަމަ” ޖިޔާ އެވަގުތު ހިތަށް އެރި އެއްޗެއް ބުނެލިއެވެ.

“ޖީ، ހިނގާ މިތަނުގައި އިށީނދެލަން” ޒުހާ ޕާކުގެ ގޮނޑިއަކާއި އަރާ ހަމަވުމާއިއެކު ބުނެލިއެވެ. ޒުހާގެ އެދުމަށް ޖިޔާ އެ ހިލަ ގޮނޑީގައި އިށީނެވެ. ނަމަވެސް އުނދަގޫ ގޮތަކަށެވެ. އެމަންޒަރު ބަލަން ދުރުގައި ހުރި ނާވީ ހުރީ އަޖައިބުވެ އަންތަރީސްވެފައެވެ. އޭނާއަށް ކުރިއަށް ހިނގައިގަންނަންވީކަމެއް ނޫނީ ހަނުހުންނަންވީކަމެއް ނޭނގުނެވެ. ހަރަކާތެއް ގެންނަން ނޭނގިފައި އާގަމައަރާފައި ހުރެވުނީއެވެ. ޒުހާ ވަށައިގެން ހޯދާލީ އޭނާ ބުނި ފަދައިން ނާވީ އެ ޕާކަށް އައިސް ހުރިތޯ ހޯދާލުމުގެ ގޮތުންނެވެ. އެކަމަކު އޭނާގެ ލޮލުގައި ދުރުގައި ގަހެއްގެ ނިވަލުގައި ހުރި ނާވީއެއް އަޅައެއް ނުގަތެވެ. ހަނދުވަރު ރީތި ރެއަކަށްވެފައި ޕާކުގެ އެހެން ގޮނޑިތަކުގައި ވެސް ޖޯޑު ޖޯޑަށް ލޯބިވެރިން ތިބުމާއިއެކު މާބޮޑަށް ވަށައިގެން ހޯދަންވެސް ޒުހާއަށް ނުކެރުނީއެވެ. ކެތްތެރިކަން ކުޑަވެފައި އިންގޮތަކަށް ފައިތަޅުވާލަމުން ޖިޔާއަށް ބަލާލާފައި ކޮނޑުގައި އަޅުވާލެވިފައި އޮތް ދިގު އަތްދަބަހުގެ ތެރެއިން ނެގި ފޯނާ ޒުހާ ކުޅެން ފެށިއެވެ.

“ހާދަ ދުވަހެއް ފަހުންނޭ މިތަނަށް މިއާދެވުނީ، އެކެމަކު އަދިވެސް އިއްޔެވީ ކަމެއްހެން އެރޭ އެ ކުރެވުނު އިޙްސާސްތަކާއި އެހިތްގައިމު މަންޒަރުގެ ހަނދާންތައް އަހަރެންގެ ހިތާ ސިކުނޑީގައި ހަރުލާފައި އެބަހުރި… ހިތަށް އަރާ ހަމަ އެންމެ ފަހަރަކު ނަމަވެސް ދަރިފުޅުގެ ބައްޕަ އާއި ބައްދަލުވާނެނަމޭ” ލުއި ހިނިތުންވުމަކާއިއެކު އަމިއްލަ ޚިޔާލުތަކުގެ ތެރެއަށް ޖިޔާ ގެބެމުންދިޔައެވެ. އޭނާ ޒުހާ ކުރާކަމަކަށް މާބޮޑު ސަމާލުކަމެއް ނުދެއެވެ.

ނާވީގެ ފޯނު ވައިބްރޭޓުވުމާއިއެކު އޭނާ ސިހިފައި ޖިންސުގެ ޖީބުގައި އަތްޖައްސާލިއެވެ. އަދި އަވަސް އަވަހަށް ފޯނު ނަގާ ބަލާލިއެވެ. އޭނާގެ ފޯނަށް އައީ ޒުހާގެ މެސެޖެކެވެ. ޕާކުގައި އެމީހުން އައިސް ތިބިކަން އަންގާލުމުގެ ގޮތުން ފޮނުވި މެސެޖެކެވެ. ފުންނޭވާއެއް ބޭރުކޮށްލުމާއިއެކު ނާވީއަށް އޭނާގެ ނިތްކުރީގައި އަތްތިލަޖައްސާލައިގެން އިރުކޮޅަކު ހުރެވުނެވެ. އޭރުވެސް އޭނާގެ ދެލޯ ހުއްޓިފައި ހުރީ ޖިޔާއަށެވެ. އަމިއްލަ ޟަމީރާ ނާވީ ސުވާލުކުރަން ފެށިއެވެ. ޖިޔާއަކީ އެއްވެސް މީހެއްގެ ހައްޤެއް ނޫންކަމުގައި ނާވީއަށް ހީވި ހީވުން ގޯސްވީމައެވެ. ވިސްނުމުގެ ތެރެއަށް ގެއްލިފައި ހުރި ނާވީގެ ނަޒަރު ދެވަނަ ފަހަރަށް ޖިޔާ އާއި ވަކިކޮށްލަން ޖެހުނީވެސް ފޯނަށް އައި މެސެޖުންނެވެ.

“އަހަންނަށް އެނގިއްޖެ ޒުހާ ބުނަން ބޭނުންވަނީ ކީކޭކަން، އަހަންނަށް ޖިޔާ ދައްކަން ތި ގެނައީ ކީއްވެކަންވެސް މިހާރު އެނގިއްޖެ، އަހަންނަށް ޖިޔާ ނުލިބޭނެކަން ވެސް އެނގޭ، އެކަމަކު އެއީ މީހެއްކައިރީ ނުބުނޭވަރުގެ ވާހަކައެއްތަ، ޖިޔާއަކީ އެހެން މީހެއްގެ ހައްޤެކޭ އެއްފަހަރުވެސް ޒުހާ އަހަރެން ގާތު ބުނިނަމަ” ނާވީ ބުނަންބޭނުންވި ވާހަކަ އޭނާގެ ފޯނުގައި ލިޔެލާފައި ޒުހާއަށް އެ މެސެޖު ފޮނުވާލައިފިއެވެ.

ޒުހާއަށް ނާވީގެ މެސެޖު ފެނުމުން ވަގުތުން ވަށައިގެން ހޯދާލެވުނެވެ. ދެން އަނެއްކާވެސް ދެތިން ފަހަރަށް ނާވީ ފޮނުވި މެސެޖު ޒުހާ ކިޔައިލައިފިއެވެ. ހައިރާންވެފައި އިނދެ ނާވީ ކީކޭހޭ ތިކިޔަނީ ކިޔާ މެސެޖު ފޮނުވާލިއެވެ. އޭރު ޒުހާއަށް ކޮންމެވެސް ވަރެއްގެ ހާސްކަމެއްވެސް ލިބިއްޖެއެވެ. ނާވީ ދުރުގައި އެމީހުން ފެންނަ ހިސާބުގައި ހުރިހެން ޒުހާއަށް ހީވާންފަށައިފިއެވެ. ނާވީއަށް ޖިޔާ ފެނުމުން ޚިޔާލު ބަދަލުވަނީބާއޭވެސް ޒުހާގެ ހިތަށް އަރަމުންދިޔައެވެ. ނޫނީ ނާވީ އޭނާ އާއި ސަކަރާތްޖަހަނީ ނޫން ބާވައެވެ.

“އަހަންނަށް ތި ދެމީހުން އެބަ ފެނޭ، ޖިޔާގެ ބަނޑުވެސް އެބަފެނޭ، އެހެންވެ މިބުނީ ޖިޔާ އަހަރެންގެ މީހަކަށް ދުވަހަކުވެސް ނުވާނެއޭ، ޒުހާ، އަހަރެން ވަރަށް ލޯބިވޭ ޖިޔާދެކެ، ސަމާސާކުރާކަށް އަހަރެން ބޭނުމެއްނޫން، އަދި ޖިޔާގެ ދިރިއުޅުމުގެ ތެރެއަށް ވަންނާކަށްވެސް ބޭނުމެއްނޫން، އަހަންނަކީ އެކަހަލަ ފިރިހެނެއްނޫން، ލޯބިވެވުނީ ހަޤީޤަތް ނޭނގޭތީ، ޖިޔާއަށް އޭނާގެ ދިރިއުޅުމަށް މަރުހަބާ ކިޔަން، އަހަރެން ދެން ޖިޔާއަށް އުނދުގުލެއް ނުކުރާނަން” ނާވީ ދެންވެސް ވާހަކަދެއްކީ މެސެޖުގެ އެހީގައެވެ.

“ނާވީ ތިހުރިތަނެއް ހަމަ މިހާރު އަހަރެން ގާތު ބުނޭ، އަހަންނަށް ހީވަނީ ނާވީއަށް ވަރަށް ބޮޑަށް ކަމެއް އޮޅިގެންހެން ތިއުޅެނީ” ޒުހާ އަވަސް އަވަހަށް ފޯނުގައި މެސެޖުލިޔެލުމާއިއެކު ފޮނުވާލިއެވެ. އަދި ވަށައިގެން ޕާކުގެތެރެއަށް ނަޒަރު ހިންގަމުން ދިޔައީ ނާވީ އޭނާގެ ލޮލުގައި އަޅައިގަނޭތޯއެވެ. ކުއްލިއަކަށް ޒުހާގެ ފޯނަށް ކޯލެއް އައެވެ. އޭނާ އަތުގައި އޮތް ފޯނަށް ވަގުތުން ބަލާލުމާއިއެކު އެފޯންކޯލަށް ޖަވާބުދެމުން ކަންފަތުގައި ޖަހާލިއެވެ.

“ކޮބާ؟ ކޮންތާކު ތިހުރީ؟ އަހަރެން ބޭނުން ބައްދަލުކުރަން، އެޓްލީސްޓް އަހަންނާއި ބައްދަލުކުރެވިދާނެ އެންނު، ޕްލީޒް، ބުނެބަލަ ތިހުރިތަނެއް، އަހަރެން ހިނގައިދާނަމޭ” ޒުހާއަށް ގުޅީ ނާވީކަން އެނގުމުން ވަގުތުން ގޮނޑިން ތެދުވެވުނެވެ. އަދި ޖިޔާއަށް ނޭނގޭނޭހެން އެއްފަރާތަކަށް ޖެހިލައިގެން ހުރެ ސިއްރުގޮތަކަށް މަޑުމަޑުން ވާހަކަދެއްކިއެވެ. ޒުހާ ފޯނުގައި ހުރެފައި ބަލާލީ ގަސްތަކުގެ ތެރެއަށެވެ. އެތަނުން އޭނާއަށް އިސްކޮޅުން ދިގު ހިޔަންޏެއް ފެނުނުހެން ހީވިއެވެ.

“ޒޫއްކޯ، ކިހިނެއްވީ، ކާކާތަ ތިވާހަކަދައްކަނީ” ޖިޔާއަށް ޒުހާގެ ހަރަކާތްތައް ހުރިގޮތް ފެނިފައި އަހާލެވުނެވެ.

“އެ ދިމާލުގައި ފްރެންޑެއް އެބަހުރި، އޭނާއަށް އަހަރުމެން ފެނިގެން އެ ގުޅަނީ، ޖީ، އަހަރެން އެބަ އަންނަން، އަހަރެން އަންނަންދެން މިތާ މަޑުކުރައްޗޭ އިނގޭ” އަވަސް އަރުވާލާފައި މިހެން ބުނަމުން ޒުހާ ދެފަޔަށް ބާރުލާފައި ހިނގައިގަތީ އަނދިރިއެޅިފައި އޮތް ގަސްތަކާއި ދިމާލަށެވެ. ފަރުވާވެ ބަލަން އިން ޖިޔާއަށް އެތަނުން މީހަކު ފެންނަގޮތެއްނުވިއެވެ. އެހެންނަމަވެސް ޒުހާ އޭނާއަށް ދޮގެއް ނުހަދާނެއޭ ހިތަށް އެރިއެވެ. ވަށައިގެން ހޯދާލުމާއިއެކު ޖިޔާ އޭނާގެ ބަނޑުގައި ފިރުމާލާފައި ހަމަޖެހުމުގެ ނޭވާއެއް ބޭރުކޮށްލަމުން އުޑުމައްޗަށް ބަލާލީ ހަނދުގެ ފުރިހަމަކަމުންނެވެ. ބަލާ ފޫހިނުވާނޭ މަންޒަރަކަށް އެމަންޒަރުވީތީއެވެ.

“ނާވީ، ކިހިނެއްތަވީ، އަހަރެން ހީކުރީ ނާވީ، ޖީދެކެ ވަރަށް ލޯބިވާކަމަށް، ޖީ އާއި ގުޅެން ބޭނުންވާކަމަށް، އެ ފުރުޞަތު ދޭންވެގެން އަހަރެން ޖީ ގޮވައިގެން މިތަނަށް މިރޭ މިއައީ، މިކަމުގެ އެއްވެސް ކަމެއް ޖީއަކަށް ނޭނގޭނެ، އޭނާ އެއްގޮތަކަށްވެސް ޤަބޫލެއްނޫން އޭނާ މިހާރު އެހުރިގޮތަށް ނާވީއަށް ފެންނާކަށް، އެކަމަކު އަހަންނަށް އެނގޭ ކޮންމެވެސް ދުވަހަކުން ނާވީއަށް މިކަންތައްތައްވެސް އެނގެންވާނެކަން، އަނެއްކާ އަހަންނަށް ޤަބޫލުކުރެވުނީ ނާވީ ޖީދެކެ ވަނީ ހަޤީޤީ ލޯބިކަމުގައި… ސޯ ކަޓް ދަ ކްރެޕް އެންޑް ޓެލްމީ ދަ ޓްރުތް، ވަޓްސް ރޯންގް…” ޒުހާއަށް ނާވީ ފެނުމުން ހާސްވެފައި ހުރެ އަވަސް އަވަހަށް ނޭވާއަކަށްވެސް ނުހުއްޓި ވާހަކަތައް ފައްޗަކަށް އަމުނާލިއެވެ.

“އަހަންނަށް ކަމެއްނުވޭ، އެކަމަކު ޒުހާ ތިބުނީ ރަނގަޅަށް، އަހަންނަށް ޖިޔާދެކެ ވެވުނީ ހަޤީޤީ ލޯބި، އަހަރެންގެ ހަޔާތުގައި ޖިޔާ ނޫން ދެވަނަ އިންސާނަކަށް ޖާގަހުސްކުރެވިފައެއްނެތް، އެއީ އަހަރެންގެ ފުރަތަމަ ލޯބި، އެކަމަކު ދެރަވީ މިހިސާބަށް އަހަންނަށް އާދެވުނީ ކަނުމީހަކު ފަދައިން ކަމަށްވީތީ، ޒުހާ ކީއްވެހޭ ނުބުނީ އަހަރެން ގާތު ޖިޔާއަކީ މީހެއްގެ ހައްޤެކޭ، އެވަރު އަހަރެން ގާތު ނުބުނެވެންވީ ކީއްވެހޭ، އަހަރެން ހީކުރީ ޒުހާއަކީ ޖިޔާގެ ކޮއްކޮއަށް ވިޔަސް އަހަރެންގެ ރަޙުމަތްތެރިއެއްވެސް ކަމަށް، ކީއްވެތަ ނުބުނެވުނީ އަހަރެންގެ އަތްފޯރާފަށަށްވުރެ ޖިޔާ އެވަނީ މާދުރުގައޭ، ހަމައެންމެ ފަހަރަކު ޒުހާ އަހަރެންގާތު ބުނިނަމަ، މިރޭ އަހަރެންގެ ހިތަށް ކުރި އަސަރު ހަމައެނގޭނީ އަހަންނަށް، ޖިޔާއަކީ މީހެއްގެ އަންބެއްކަން އެނގެން ބޭނުންވީ މިގޮތަކަށްނޫން” ނާވީ އިސްޖަހާލި ގޮތުންވެސް އޭނާ ވަރަށް ދެރަފައިހުރިކަން ޒުހާއަށް އެނގުނެވެ.

“ނާވީ، އަހަރެން ބުނިން ޖީގެ ލައިފާއި ބެހޭގޮތުން އަހަންނާ ސުވާލުނުކުރާށޭ، އެކަމަކު އަހަރެން ނާވީއަށް އެއްވެސް ކަމެއް އޮޅުވައެއްނުލަން، ތެދެއް ބުނަންތަ، ނާވީއަށް ލޮލަށް ތިފެންނަށް މަންޒަރަށްވުރެ ހަޤީޤަތް މާހިތި، ޖީއަކީ މީހެއްގެ އަންބެއްނޫން، އެއްވެސް މީހެއްގެ ހައްޤެއް ނޫން، އަހަންނަށް އެނގޭ ޖީގެ ހިތުގެ ޝިފާއަކަށްވާނީ ނާވީކަން، ހަމައެކަނި ނާވީއަށްކަން ޖީއަށް ރަނގަޅު ލައިފެއް ދެވޭނީ، އެކަމަކު ބުނަން، މިހާ ދުވަހު ހަޤީޤަތް ހާމަނުކޮށް ހުރީ ޖީއަށްޓަކައި، މިރޭ މިވާހަކަ މިބުނީވެސް ހަމަ ޖީއަށްޓަކައި، އަހަރެން ބޭނުން ޖީ އުފަލުގައި އުޅޭތަން ދެކެން، އަހަންނަށް އެނގޭ އަހަރެންގެ ޢާއިލާވެސް އެގޮތް ބޭނުންވާނެކަން، ނާވީއަށް ނޭނގުނަސް ހަޤީޤަތަކީ ޖީ އާއި އަހަންނާއި ދެމެދު ވަނީ އެންމެ އަހަރެއްގެ ތަފާތުކަން، މިއަދު އަހަންނާއިއެކު ޖީވެސް އުޅޭނި ކިޔަވަން، އެކަމަކު އޭނާގެ ނަސީބު އެގޮތަކަށް ތަނެއް ނުދިން، ދެރަވިޔަސް ބުނަންއޮތީ އަހަރުމެން ކުދިންގެ މަންމައަށް ނޭނގިނަމަވެސް ހެދުނު ވަރަށް ބޮޑު ގޯހެކޭ އެއީ، ޖީ ވަރަށް މޮޅުވާނެ ކިޔަވަން، ވަރަށް ކިޔަވާހިތްވާނެ، މޮޅު މީހަކަށްވުމުގެ ހުވަފެން އަބަދުވެސް ދެކޭނީ، އެކަމަކު މަންމަ އޭނާއަށް މަޖުބޫރުކުރީ ކައިވެނިކުރަން، އެކައިވެނިން އޭނާއަށް ލިބުނީ އަނިޔާ އާއި ހިތްދަތިކަން” ޒުހާއަށް އިތުރަށް އެއްޗެއް ބުނާކަށް ނުކެރުނެވެ. ނާވީ ބުނާނެއެއްޗެއް ނޭނގޭތީ އޭނާގެ މޫނަށް ބަލަހައްޓައިގެން ހުރެވުނީއެވެ.

“ޖިޔާއަކީ މީހެއްގެ އަންބެއް ނޫންތަ؟ ކޮބާ އޭނާގެ ފިރިމީހާ، ދަރިއަކު ލިބެން އުޅޭކަން އެނގޭއިރުވެސް އޭނާ ނާދޭތަ ޖިޔާ ގާތަކަށް” ނާވީ ހުރީ ވަރަށް ހައިރާންވެފައެވެ. އޭނާވެސް ޒުހާއަށް ބަލަންހުރެފައި އެވަގުތު ސިކުނޑިއަށް އައި ސުވާލުތައްކޮށްލިއެވެ.

“ޖީގެ ފިރިމީހާ އޭނާ ދޫކޮށްލީ ބޭނުންނެތިގެން، އެހެން އަންހެނަކާއި ހެދި، އޭނާ ބޭނުމެއްނޫން ޖީ ދެކޭކަށް، ހަމައެގޮތަށް ޖީވެސް ބޭނުމެއްނުވޭ ދުވަހަކުވެސް އެމީހާ އާއި ކައިވެނިކުރާކަށް، ނާވީ، މިހާރު ޖީއަކީ އެންމެ މީހެއްނޫން، ދެމީހުން، ޖީ އޭނީ ކޮންމެ ވަގުތެއްގައިވެސް ވިހަން ތައްޔާރުވެފައި، އަހަރެން ބޭނުމެއްނޫން ކޮންމެހެން ހިތްއަވަސްވުމެއްގެ ތެރޭގައި ޖަޒުބާތީ ނިންމުމެއް ނާވީ ނިންމާކަށް، އެކަމަކު މިހާރު ޖީގެ އެއްވެސް ކަމެއް ނާވީއަށް އޮޅިފައެއް ނޯންނާނެ” ޒުހާގެ މޫނުމަތިން ފެންނަނީ އާދޭސްކުރާފަދަ އަސަރުތަކެކެވެ. ނާވީ އެއްވެސް އެއްޗެއް ނުބުނެ ދުރުގައި އިން ޖިޔާއަށް ބަލާލިއެވެ. އެއާއިއެކު ޒުހާ ދަނީކަމުގައި ބުނެ ހިނގައިގަތެވެ. ދެންވެސް ނާވީއަށް ބަލަހައްޓައިގެން ހުރެވުނީއެވެ.

“ދެން ހިނގާ ދަމާ، ވަރަށް ލަސްވެއްޖެ ކަންނޭނގެ، މަންމަ ހިތްހަމަނުޖެހިދާނެ އެހާ ދަންވަންދެން ބޭރުގައި އުޅުމުން” ޒުހާ އަންނަތަން ފެނުމާއިއެކު މަޑުމަޑުން ޖިޔާ ގޮނޑިން ތެދުވަމުން ބުންޏެވެ. ޒުހާ އަނގައިނުބުނެ ބޯޖަހާލާފައި ޖިޔާގެ އަތުގައި ހިފާލަމުން ކުރިއަށް ހިނގައިގަތެވެ.

“ހުރިހާކަމެއް ރަނގަޅުތަ، ކާކާތަ ބައްދަލުކުރަން ދިޔައީ، އަނެއްކާ ޒޫކޮށް އަހަންނަށް ނާންގާ ކަމެއް ކުރަން ފެށީތަ، ރީތިކޮށް ބުނިނަމަ އެމީހަކާއި ބައްދަލުކުރަން ގޮވައިގެން އައިމުހޭ” ކުޑަކޮށް ހީނލާފައި ޖިޔާ ބުންޏެވެ. އެވަގުތު ގަސްތަކުގެތެރެއިން ހިލަމެއްވުމުން އެދިމާލަށް ދެބެން އެއްފަހަރާ ބަލާލިއެވެ. ނަމަވެސް މީހަކު ނުފެނުނެވެ. ދުނގެތިގަސްތަކު ކައިރިއަށް ތިރިވެ ނާވީ އިނެވެ. އެހެން އިންއިރު އޭނާ ޖިޔާގެ މޫނަށް ބަލަމުން ދިޔައެވެ. މިހާރު އަދިވަކިން ރީއްޗެވެ. ހަނދުވަރުގެ އަލިން އެމޫނުގެ ދޮންކަން އިތުރުކުރުވާއިރު އެ ޖާދުވީ ލޮލުގެ ވިދުން އަދި މާގަދައެވެ. މަޑުމަޑުން ހިތުގައި ނާވީއަށް ފިރުމާލެވުނީ ބޭއިޙްތިޔާރުގައެވެ. އެލުއިލުއި ހިނިތުންވުމުގެ ފަހަތުގައިވާ އެކަނިވެރިކަން ނާވީއަށް އިޙްސާސް ކުރެވުނެވެ. ފުރަތަމަ ޖިޔާ ފެނުނު ދުވަހު އޭނާގެ ހިތުގައި އުފެދުނު ސުވާލަށް މިރޭ ޖަވާބު ލިބިއްޖެކަމުގައި ނާވީ ހީކުރިއެވެ.

“ކަމެއްނުވޭ، ވީއާރ ޖަސްޓް ފްރެންޑްސް، ޖީ ތިހީކުރާ ކަހަލަ ކަމެއް އަހަރެން ކުރާނަމަ އެންމެ ފުރަތަމަވެސް އެކަން ޝެއަރ ކުރާނެ މީހަކީ ތީ” ހިނިތުންވެލަން މަސައްކަތްކުރި ޒުހާ ބުންޏެވެ. އޭނާ ޖިޔާއަށް ހުރިހާ ކަމެއް ސިއްރުކުރަން ބޭނުންވީއެވެ. ނާވީގެ ފަރާތުން އޭނާއަށް ލިބޭނެ ޖަވާބެއް ނޭނގޭތީ އެކަމާ ކަންބޮޑުވަނީއެވެ.

އެނދުގައި ދެފަރާތަށް އޮވެ ފުރޮޅެމުން ދިޔަ ނާވީ އެކިގޮތްގޮތުން ވިސްނާވިސްނާވެސް ޖިޔާ އާއި ނުލާ އޭނާގެ ދިރިއުޅުން ކުރިއަށް ގެންދާނޭގޮތެއް ނުވިސްނުނެވެ. ކޮންމެވެސް މީހެއްގެ ޚިޔާލު އޭނާ ހޯދަން ބޭނުންވިއެވެ. އަޅަން އޮތީ ވަރަށް ވެސް ބޮޑު ފިޔަވަޅެއްކަން އޭނގޭތީއާއިއެކު އޭނާގެ ޚިޔާލަކީ އެންމެ ރަނގަޅު ޚިޔާލުތޯ ޔަގީން ކުރަންވެސް ބޭނުންވަނީއެވެ. އެނދުން ތެދުވެގެން ކޮޓަރިން ބޭރަށް ނުކުތެވެ. ހިތާ ސިކުނޑީގެ ހާސްކަމަށް ފިނިކަމެއް ދިނުމުގެ ގޮތުން އައިސްއަލަމާރިން ފިނިފެންފުޅިއެއް ނަގާ އަނގައަށް އޮއްސާލިއެވެ. ދެތިން ކޯވަރު ބޯލުމާއިއެކު ފެންފުޅި ހިފައިގެން އައިސް ސޯފާގައި އިށީނެވެ. ކުޑަމޭޒުމަތީ ފެންފުޅި ބަހައްޓާފައި ޓީވީ ހުޅުވާލުމާއިއެކު ސޯފާގައި ހުރި ކުޝަންތަކުން ދެކުޝަން ބޯދަށަށް ހެޔޮވަރުކޮށްލަމުން ސޯފާގައި ނާވީ އޯށޯވެލިއެވެ. އޭނާގެ ފުރިހަމަ އިސްކޮޅު ސޯފާގައި ނުލިބުނެއްކަމަކު ސޯފާގެ އަތްގަނޑުން ބޭރަށް ވާގޮތަށް ދެފައި ދަމާލައިގެން އޮވެ ލަވަޗެނަލެއް ބަލަންފެށިއެވެ. އިވެމުންދިޔަ އިނގިރޭސި ލަވައަށް ފައިތަޅުވާލަމުން ދެލޯ މަރާލީ ހިތްގައިމުވެފައި ވަގުތާ ގުޅޭފަދަ ލަވައަކަށް ވީމައެވެ. އެހެންއޮއްވާ އޭނާއަށް ނިދުނީ ކޮންއިރަކު ކަމެއްނޭނގެއެވެ. އުނދަގޫގޮތަކަށް ސޯފާގައި އޮވެވުނުކަންވެސް އެނގުނީ ހެދުނު ނުހާގެ ދަރިފުޅު ޒިޔާފު އައިސް ނާވީއަށް ގޮވަންފެށުމުންނެވެ.

* * * *

ފުރޮޅިލުމާއިއެކު އަތްޖެހޭ ހިސާބުގައި އިބާ ނެތުމުން ފުންމައިގެން ޒުކަންއަށް ތެދުވެވުނެވެ. އަވަސް އަވަހަށް ކޮޓަރިތެރެއަށް ލޯހިންގާލުމާއިއެކު އިބާ ނުފެނުމުން އޭނާ އެނދުން ފައިބައިގެން އައިސް ފާޚާނާ ހުޅުވާލިއެވެ. އޭރު ފާޚާނާ ތައްޓަށް ގުދުވެގެން އިބާއޮތެވެ. އޭނާ ހޮޑުލަނީކަން ޒުކަންއަށް އެނގުމާއިއެކު އައިސް އިބާގެ ނިތުގައި ހިފާއްޓާލިއެވެ.

“އަހަންނަށް ގޮވާލިނަމަ، އިބާ އެކަނި އެއްވެސް ކަމެއް ކުރާކަށް އަހަރެން ބޭނުމެއްނޫން” ޒުކަން ކަންބޮޑުވެފައި އެހެންބުންޏެއްކަމަކު އެބުނުމުގައި އެކުލެވިފައިވި ލޯތްބާއި އޯގާތެރިކަން އިބާއަށް ފާހަގަވިއެވެ. އިބާތެދުވެ އަނގަދޮވެލުމާއިއެކު ޒުކަން އާއި ދިމާލަށް އެނބުރި އޭނާގެ ގައިގާ ބައްދާލިއެވެ. ޒުކަން ލޯތްބާއިއެކު އިބާގެ ބޮލުގައި ބޮސްދިނެވެ.

“އަހަންނަށް މާބޮޑުކަމެއްނުވެޔޭ، މައްސަލައަކީ އަދިވެސް ހޮޑުލެވޭތީ، މިކަން ހުއްޓޭނެނަމައޭ ހިތަށްއަރާ” އިބާ އޭނާގެ ހިތުގައިވާއެއްޗެއް ޒުކަންއަށް ހާމަކުރިއެވެ.

“މިހާރު ހޮޑުނުލަވަންޏާ ދެން ހިނގާ އޮށޯންނަން ދަމާ، ހޮޑުލެވުމަކީ މައްސަލައެއް ނޫނޭ ޑޮކްޓަރު ވިދާޅުވިއެންނު، ދެން އެހެން ނޫނަސް ބަލިވެ އިނުމަކީ ތަފާތު ގިނަ ކަންތައްތަކެއް މައިމިހާއަށް އިޙްސާސްކުރަންޖެހޭ މަރުހަލާއެންނު، އިބާ ވަރަށް ކެތްތެރިވާނެކަން އަހަންނަށް އެނގޭ، އެނދާ ހަމައަށް އުފުލާލައިގެން ގެންގޮސްދެންތަ” ޒުކަން ހިނިތުންވެލައިގެން ހުރެ ބުންޏެވެ. އިބާ ހިނިތުންވެލުމާއިއެކު އާނއެކޭ ބުނުމުން، ޒުކަން އޭނާ އަތްދަނޑިމަތީގައި ގެނެސް އެނދުގައި ބޭއްވިއެވެ. އަދި ކައިރިއަށް އަރާ އޮށޯންނަމުން އިބާ ގެނެސް އޭނާގެ އަތުގެތެރެއަށް ލިއެވެ. ލޯތްބާއިއެކު ޒުކަން އޭނާގެ އަނބިމީހައަށް ބަލަން އޮތެވެ. އިބާ ބަލިވެ އިންފަހުން ޒުކަންއަށް ސެންޓުގެ ބޭނުން ކުރާކަށް ނުޖެހެއެވެ. އިބާއަށް އުނދަގޫވާތީއެވެ. ނުބައިވަސްދުވާތީއެވެ. ކަމުދާ އެކައްޗެއްވެސް ނެތީއެވެ. އޭނާއަށް އެންމެ ކަމުދާ އެއްޗަކަށްވީ އުއްދަނޑިއެވެ. އެވެސް ރޭގަނޑަށް ބޯ ބޭހެއް ފަދައެވެ. އެކަމަށް ފޯރިދައްކާލަނީ މުޅިންވެސް ދަންވަރަށެވެ. ނިދާފައި އޮވެފައިވެސް ތެދުވެއެވެ. ޒުކަންއަށް މިކަންކަން އާވެފައި، ވަނީ މަޖާކަމަކަށެވެ. އެހެންނަމަވެސް ލޯބިވާ އަނބިމީހާ އަށާއި ލިބެން އުޅޭ ލޯބިލޯބި ދަރިފުޅަށްޓަކައި އޭނާ ނުކުރާނެކަމެއް ނޯންނާނެއެވެ. އިބާގެ ހުރިހާ އެދުންތަކެއް އޭނާއަށްވީ އެންމެ ފުރިހަމައަކަށް ކޮށްދޭން އޭނާ ބޭނުންވެއެވެ. ގިނަވަގުތު އިބާއަށް ހުސްކޮށްލެވިފައި ވެއެވެ.

* * * *

“ތަދުވަނީތަ” ފާޚާނާއިން ނުކުންގޮތަށް ރީތިވާ މޭޒުގައި އަތްއަޅާލައިގެން ހުރި ޖިޔާ، އަލަމާރިން ހެދުމެއްނެގި ޒުހާއަށް ފެނުމާއިއެކު އަހާލެވުނެވެ.

“ތަދެއްނުވޭ، އެކަމަކު ކުޑަކޮށް އުނދަގޫވާގޮތްވަނީ، ދެން މިހެންބުނީމަ ގޮސް މަންމަ ގާތު އާއި ޒީއްތަ ގާތު ކިޔާނީކީއެއްނޫން، ސީރިއަސް ވެއްޖެއްޔާ އަހަރެން ބުނާނަން” ޖިޔާ އުނދަގޫވެފައި ހުރި ގޮތަކަށް ބުޑުމަސްގަނޑާއި ދިމާލުން ފިރުމާލަމުން ބުންޏެވެ.

“އޯކޭ، އެއްވެސް އެއްޗެކޭ ނުބުނާނަން، އެކަމަކު ޖީ ވާނެ ތަދުވެކަމެއްވަންޏާ އަހަރުމެން ގާތު ބުނަން، މަންމަވެސް އަހާ ޖީ ތަދުވާތި އުޅޭހޭ، އެއްވެސް އުނދަގުލެއްވަންޏާ މަންމަ ގާތު ބުނައްޗޭވެސް ބުނި، ސޯ ޕްލީޒް ޖީ، ކަމެއްވަންޏާ ބުނައްޗޭ” ޒުހާ ވަރަށް ސީރިއަސްވިއެވެ. ޖިޔާ ގަދަކަމުން ކަހަލަގޮތަކަށް ހިނިތުންވެލުމާއިއެކު ބޯޖަހާލިއެވެ. އަދި ތުންފަތްވަށްކޮށްލުމާއިއެކު އަނގައިން ދިގުނޭވާއެއް ބޭރުކޮށްލަމުން ހަށިގަނޑު ތެދުކޮށްލަން މަސައްކަތް ކުރިއެވެ.

ޒުހާއަށް އިރުއިރުކޮޅާ އޭނާގެ ފޯނަށް ބަލާލެވެއެވެ. ނާވީގެ މެސެޖެއް ވިޔަސް އެ ފޯނަށް ލިބިފައި އޮތްތޯއެވެ. އިތުރު މާޔޫސްކަމެއްނޫނީ ޒުހާއަށް ނުލިބުނެވެ. ޖިޔާގެ ވިސްނުން ހުރި ގޮތާއިމެދު ޒުހާ ވިސްނިއެވެ. ދަރިފުޅު ލިބުމުން އެކުއްޖާ ބެލުމުގައި ޖިޔާގެ ހުރިހާ ވަގުތެއް ހޭދަކުރަން އޭނާ ނިންމާފައިވާކަން ޒުހާއަށް އެނގެއެވެ.

ލިބެން އުޅޭ ދަރިފުޅަކީ ޖިޔާގެ މުޅި އުމުރު ވޭތުކުރާނޭ ހަމައެކަނި ބައިވެރިޔާ ކަމުގައިވެސް ބުނީ ޚުދު ޖިޔާއެވެ. ބޮޑެތި ބަދަލުތަކެއް ޖިޔާގެ ވިސްނުމަށާއި އުޅުމަށް އަތުވެއްޖެކަން ޒުހާއަށް އެނގިހުރެ ވެސް އޭނާ ބޭނުންވަނީ ޖިޔާގެ ދިރިއުޅުމަށް ނާވީ ގެންނާށެވެ. ނަމަވެސް އެކަން އެގޮތަށް ވާނީ ނާވީވެސް އެގޮތް ބޭނުންވެގެންކަން ޒުހާއަށް އެނގެއެވެ. އަނެއްކޮޅުން ޖިޔާގެ ދިރިއުޅުމަށް ނާވީ ގެންނާށޭ ޖިޔާ ގާތުގައި ބުނާކަށް ޒުހާއަކަށް ނުކެރޭނެއެވެ. ފިކުރުތަކުގެ ތެރެއަށް ގެއްލިފައި އިން ޒުހާ، ޖިޔާއަށް ބަލަހައްޓައިގެން އިންނަން ފެށުމުން އޭނާއަށް ޖިޔާ ގޮވާލިއެވެ.

“މިބުނީނު އެއީ އެހާވަރުގެ ކަމެއްނޫނޭ، މިހާރު އޯކޭވެއްޖެޔޭ” ޖިޔާ ހީކުރީ ޒުހާ އަދިވެސް ބަލަހައްޓައިގެން އިނީ އޭނާ ބުނިއެއްޗެއް ޔަގީން ނުކުރެވިގެންކަމަށެވެ. ބޯޖަހާލަމުން އަތުގައި އޮތް ހެދުން ހިފައިގެން ޒުހާ ހިނގައިގަތީ އިސްތިރިކުރާ މޭޒުކައިރިއަށެވެ.

“ތީ ދެން ކޮންކަމެއް ޒޫއްކޯ، އަހަންނަށް އިސްތިރިނުކުރެވޭވަރެއް ނުވެޔޭ، ޔުނީފޯމް އިސްތިރިކޮށްނިންމާފަ އަހަރެން ގާތު ބުނާށޭ ބުނީމަ ކީއްތަ ތިކުރަނީ” ތުވާލި އަޅުވަން ހުރި ހަރުގަނޑުގައި ޖިޔާގެ އަތުގައި އޮތް ތުވާލި އަޅުވާލަމުން އޭނާ ބުންޏެވެ. އޭރު އިސްތިރިކުރާ މޭޒުކައިރީ ހުރި ޒުހާ، އަލަމާރިން ނެގި ޖިޔާގެ ހެދުން އިސްތިރިކުރަނީއެވެ.

“އަހަންނަށް އެހާ ލަސްނުވާތީއޭ ޖީގެ ހެދުން އިސްތިރިކޮށްލަ މިދެނީ، މީ އެވަރުކަމެއްނޫނޭ، ޖީ ދޭބަލަ ރީތިކޮށް އެނދުގައި އިށީނދެގެން އިންނަން” ޒުހާ މިހެން ބުނުމުން އިރުކޮޅަކު ޒުހާ އާއި ދިމާލަށް ބަލަން ހުރެފައި ޖިޔާ އައިސް އެނދުގައި އިށީނެވެ.

* * * *

އެނދުގައި އިށީނދެލައިގެން އިން އިބާ އޭނާގެ ބަނޑުގައި ފިރުމާލިއެވެ. އެކަނިމާއެކަނި ކޮޓަރީގައި އޭނާ އިންއިރު ހީވަނީ ވަރަށް ވެސް ބޮޑު ފިކުރެއްގައި އިންހެނެވެ. އަތުގައި ފޯނު އޮތްއިރު އޭނާ ބަލަން އިނީ ފޯނުގެ ސްކްރީނަށެވެ. ފެންނަމުން ދިޔަ ނަންބަރަށް އޭނާ ބަލަން އިންނަތާ ލައްކައިރުވެއްޖެއެވެ. ދޭތެރެ ދޭތެރެއިން ފުންނޭވާއެއް ބޭރުކޮށްލައެވެ. ދެލޯމަރާލައެވެ. އެހެން އިންދާ ސިއްސައިގެން ދިޔައީ ކޮޓަރީގެ ދޮރުހުޅުވާލިއަޑަށެވެ. އެދިމާލަށް ބަލާލިއިރު ޒުކަން ވަންނަނީއެވެ.

“ހާދަ އަވަހަކަށް ތިއައީ، އަދި ދިޔަތާ ނުވާނެ ދެގަޑިއިރުވެސް” ކުއްލިއަކަށް އިބާގެ މޫނުގެ ކުލަވަރު ބަދަލުކޮށްލަމުން ބުންޏެވެ.

“އާން، އިބާ މަތިން ހަނދާންވަނީ ވަކިވަރަކަށް ނޫންވިއްޔާ، ބޭނުންވަނީ އަބަދުވެސް އިބާ ގާތުގައި ހުންނަން، ދުރަށް ފިޔަވަޅެއް އަޅާލިޔަސް ހިތްއަވަސްވޭ، ހިތަށް އަރަނީ އިބާ އަހަންނަށް ބޭނުންވާ ވަގުތު އެންމެ ގާތުގައި ނުހުރެވިދާނެއޭ” ޒުކަން ހިނިއައިސްފައި ހުރެ އައިސް އިބާގެ ގާތުގައި އެނދުގައި އިށީނެވެ.

“ސާބަސް، ޒުކަން ތިހެން އުޅުނީމަ ވިޔަފާރިއަށްވާނީ ކިހިނެއް، ހާނިމުމެން ތިބޭނީ ހިތްހަމަނުޖެހިފައެންނު” އިބާ އުފާވެފައި އިންކަން ދައްކަމުން ބުނެލިއެވެ.

“އެމީހުންނަށްވެސް އެނގެޔޭ އަހަރެން ބައްޕައަކަށް ވާންއުޅެނީކަން، އެހެންވީމަ އަންހެނުން ގާތު ވަގުތު ހޭދަކުރަން ބޭނުންވާނެކަން، ހާނިމާއި ބުޝްރީވެސް ތިބީ ވަރަށް އުފަލުން، އެމީހުން މައްސަލައެއް ނުޖައްސާނެ… އިބާ، ކިހިނެއްވީ އޮށޯވެގެން ނޯވެ ތެދުވެ ތިއިނީ، އަނެއްކާ ހޮޑުލަވަނީތަ” ޒުކަންއަށް ކޮޓަރިއަށް ވަންއިރު އިބާ އިންގޮތް ފެނުނީތީ ސުވާލުކޮށްލެވުނެވެ.

“ޒުކަން، އަހަރެން… އަހަރެން އެބައޮތް ވާހަކައެއް ބުނަންވެފަ” އިބާގެ މޫނުމައްޗަށް ކުރިންހުރި ހާސްކަންވެރިވެގެން ހިނގައްޖެއެވެ.

“ކިހިނެއްވީ، އުނދަގުލެއް ވަނީތަ” ޒުކަންވެސް ހާސްވެއްޖެއެވެ. އިބާ މަޑުމަޑުން ޒުކަންގެ އަތުގައި ހިފާލަމުން އޭނާގެ މޫނަށް ބަލާލިއެވެ. ކޮންމެވެސް ވާހަކައެއް ބުނަން އިބާ ބޭނުންވެގެން އުޅޭކަމުގެ ލިސާންތައް ފާޅުވަމުންދެއެވެ. އެހެންނަމަވެސް އިބާގެ ދޫ ހަރަކާތެއް ނުކުރިއެވެ. އިސްޖަހާލުމާއިއެކު ދެލޯ މަރާލިއެވެ. ޒުކަންގެ ހާސްކަން އިތުރުވުމާއިއެކު އިބާގެ މޫނުގައި ދެއަތުން ހިފާލަމުން އޭނާ އާއި ދިމާލަށް އުފުލާލިއެވެ. އިބާ އާއި ޒުކަންގެ ހަތަރުކަޅި ބައްދަލުވެގެން ދިޔަވަގުތު އިބާގެ ހިތަށް ނޭނގޭބިރުވެރިކަމެއް އިޙްސާސް ކުރެވިގެން ދިޔައެވެ.

“އިބާ، ޕްލީޒް، ކިހިނެއްތަވީ، ކީކޭ ނުބުނެވިގެންތަ ތިއުޅެނީ، އަހަރެން ކޮންމެ ވާހަކައެއްވެސް އަޑުއަހާނަމޭ، ތިހެން އެއްޗެއް ނުބުނެ އިނީމަ އަހަރެން މާ ހާސްވޭ” އިބާ ޒުކަންގެ ދެއަތްތިލަ އޭނާގެ މޫނުންވަކިކޮށްލުމުން ޒުކަން ބުންޏެވެ. އެއާއިއެކު އިބާ އަނެއްކާވެސް ފުންނޭވާއެއް ލަމުން މީހާ ހަމަޖެހިލިއެވެ.

“އަހަރެން… އަހަރެން އޮފީހުން ވަކިވެއްޖައިން” އިބާ ބުންޏެވެ.

“ތިހެން ނުބުނެވިގެން އިބާ ތިއުޅެނީ، އަހަރެން ބިރުން ކިރިޔާ ހަލާކުނުވީ، އިބާ ގަސްދުގަ އަހަރެން ހާސްކޮށްލީ ދޯ” ދެފަރާތަށް ބޯހޫރާލި ޒުކަން ހިނިއައިސްފައި ބުންޏެވެ.

“ބައެއް ވާހަކަތަކަކީ ބުނަންއެހާ ފަސޭހަ ވާހަކަތަކަށް ނުވެދާނެ، އެއީ ކޮންމެހެން އަހަރެން ޒުކަންދެކެ ލޯބިނުވާތީއެއްނޫން” އިބާގެ މޫނުމަތިން އަދިވެސް ފެންނަނީ ސީރިއަސްކަމެވެ. ޖުމްލަތަކުގައި ފޮރުވިފައިވާ މާނައެއް އޮތްކަހަލައެވެ. އެދެލޮލުން ޒުކަންއަށް އަންގަން ބޭނުންވަނީ ކީކޭކަން އެނގެނީ ޚުދު އިބާއަށެވެ.

“އިބާ އޮފީހުން ނުކެނޑުނަސް އަހަރެން މައްސަލައެއް ނުޖައްސާނަމޭ، ދެން ކީއްވެ އޮފީހުންވަކިވީ” ޒުކަން އޭނާގެ ޚިޔާލު ފާޅުކުރިއެވެ.

“އަހަރެން ބޭނުންވަނީ ޒުކަން އާއިއެކު ވަރަށް ލޯބިން އުޅޭ ދިރިއުޅުމެއް، އަހަރެންގެ ހުރިހާ ވަގުތެއް ލިބެން މިއުޅޭ ދަރިފުޅަށާއި ޒުކަންއަށް ހުސްކޮށްލަން ބޭނުންވަނީ، އޮފީހުގައި އުޅެމުން އެއިން އެއްވެސް ކަމެއް އަހަންނަށް ނުކުރެވޭނެ، އަހަންނަށް އެނގޭ ޒުކަންވެސް އަހަރެންގެ ފަރާތުން ބޭނުންވަނީ އެފަދަ އަންބަކަށް އަހަރެންވާންކަން، އަހަރެން ތަންކޮޅެއް ކުރިން ބުނީމެންނު ޝޫޒާ ކިޔާ ކުއްޖަކު އޮފީހަށް ވެއްދިވާހަކަ، އޭނާ ވެއްދީ އަހަރެންގެ މަޤާމަށް، އަހަރެން ޗުއްޓީ ނެގީ، ޗުއްޓީ ހަމަވުމަށްފަހު އޮފީހަށް ނުކުންނަން ނުޖެހޭގޮތަށް، މީ އަހަރެން ބޭނުންވާގޮތް، ޒުކަން ގާތު މިވާހަކަ ނުބުނީ، އަހަރެންގެ ނިންމުން ބަދަލުކުރުވަން މަސައްކަތްކޮށްފާނެތީވެ، އަހަރެން ބޭނުމެއްނޫން ދެން އިތުރަކަށް އޮފީހަށް ނުކުންނާކަށް” އިބާ މިހެން ބުނުމުން ޒުކަން ވަރަށް ހައިރާންވިއެވެ. އިބާގެ ހުރިހާވެސް އެއްޗަކީ އޭނާގެ އޮފީހެވެ. އޭނާ ކުރާ މަސައްކަތެވެ. ކުއްލިއަކަށް އޮފީހުންވަކިވެ އޮފީސްމަތިން ފޫހިވާންވީ ކީއްވެބާއޭ ޒުކަންގެ ހިތަށް އަރަމުންދިޔައެވެ. އެހެންނަމަވެސް އެސުވާލު މުހިންމުނުވީ އިބާގެ ނިންމުމާއިމެދު އޭނާ ވަރަށް ބޮޑަށް ހިތްހަމަޖެހިފައި އިނީމައެވެ.

“އިބާގެ ވިސްނުން ވަރަށް ހަރުދަނާވެއްޖެ، އެހެންވެއޭ އަހަރެން ކުރިންވެސް ކިޔަނީ ހިނގާށޭ ބޭބީއެއް ހޯދަމާ، އޭރުން އަހަރުމެން ދެމީހުންގެ މެދުގައި މިއޮތް ގުޅުން އިތުރަށް ބަދަހިވެ ވަރުގަދަވެގެންދާނެއޭ، މިއަދު އަހަރެންގެ ކުރިމަތީ އިން އިބާއަކީ ކުރިއަށްވުރެ މެޗުއަރ ލަވިންގ ވައިފެއްހެން އަހަންނަށް ފީލްވޭ، މީހަމަ ބޭބީގެ ކުޅަދާނަކަންތަ… ކޮބާތަ ބައްޕަގެ ޖޫނިއަރ” ޒުކަން ލޯތްބާއިއެކު ސަމާސާކޮށްލިއެވެ. އިބާގެ ބަނޑުގައި ފިރުމާލަމުން ބޮސްދިނެވެ. އަދި އެއަތުގެތެރެއަށް އިބާ ގެނެސް ލިއެވެ. ނަމަވެސް އިބާގެ ތުންފަތަށް ވެރިވި ހިނިތުންވުން ފިލައިގެން ހިނގައްޖެއެވެ. އެދެލޮލުގައިވަނީ ކަންބޮޑުވުމެވެ.

* * * *

“ހާދަ ފިކުރުބޮޑުވެފަ، ނާވީ މިހާރު ހާދަ ބަދަލުވެއްޖެހެން ދޮންތައަށް ހީވެޔޭ، ވަރަށް ދުވަސްވެއްޖެ މިކަން ފާހަގަކުރެވިގެން އުޅޭތާ، އެކަމަކު ހައްތަހާވެސް ހީއަކަށް އެއްޗެއް ނުބުނަން މިހުންނަނީ، ބުނެބަލަ، ކޮންކަމާތަ ތިވިސްނަނީ، މަންމަ އާއިމެދުތަ” ކާމޭޒުދޮށުގައި އިން ފުއާދު ތެދުވެގެން ދިއުމާއިއެކު ނުހާ ބުންޏެވެ.

“ނޫން، މަންމަ އާއިމެދަކު ނޫން، އެކަމަކު މަންމަ މަތިން ވަރަށް ހަނދާންވޭ، ދޮންތައެކޭ މިހާރު މަންމައެކޭ ތަފާތެއްނެތް، ދޮންތާ، ކަމަކާ އަހަރެން ނުވަސްނަމޭ ބުނެފިއްޔާ އެހެދެނީ ދޮގެއް، އެކަމަކު އަހަރެންގެ ސިކުނޑީގައި މިވާ ވާހަކަތައް ދޮންތަގާތު ބުނުމުން ދެންވާނެ ގޮތަކާއިމެދުވެސް އަހަރެން ޖެހިލުންވޭ، ވަރަށް ބޮޑު ނިންމުމެއް ނިންމަން އަހަންނަށް ޖެހިއްޖެ” ނާވީ އިސްޖަހާލައިގެން އިނދެ ކާންއިންތަށީގައި އޫހާކާލަމުން ބުންޏެވެ. އޭނާއަށް އެއިން އެއްވެސް ވާހަކައެއް ނުހާ އާއި ހަތަރުކަޅި ހަމަކޮށްގެން އިނދެ ދައްކަން އުނދަގޫވީއެވެ.

“ކޮންކަމެއް ނިންމަން، ދޮންތައަށް ސާފުވާނޭހެން ތަންކޮޅެއް ތިލަކޮށް ވާހަކަދައްކަބަލަ” މިހެންބުނި ނުހާގެ ހުރިހާ ސަމާލުކަމެއް ވަގުތުން ނާވީއަށް ހުއްޓިއްޖެއެވެ.

“ދޮންތާ… ދޮންތަ… ދޮންތަ، ދޮންތަބެއާއި މެރީކުރީ ވަރަށް ވިސްނާފަތަ، ކިހިނެއް ވިސްނާފަ ދޮންތަބެއާއި މެރީކުރީ” ނުކެރިފައި އިންގޮތަކަށް ނާވީ ބުންޏެވެ. އޭރު ނާވީއަށް ބަލަހައްޓައިގެން އިން ނުހާގެ ތުންފަތަށް ލާނެތް ހިނިތުންވުމެއްވެރިވެގެން ދިޔައެވެ. ނާވީގެ ދިރިއުޅުމަށް އަންހެންކުއްޖެއްގެ ހިޔަނިއެޅިއްޖެކަން ނުހާއަށް އެނގުނީ ދެނެވެ. ނާވީއަށް އައިސްގެން އުޅޭ ބަދަލުތަކަކީ އެކަމާއި ގުޅިގެން އައިސްގެން އުޅޭ ބަދަލުތަކެއްކަން ވެސް މިއެނގުނީ އަދިކިރިޔާއެވެ.

“ނާވީ ވެސް މިހާރު އެހިސާބަށް ދިޔައީތަ” ނުހާގެ އަޑުގައި ހުރީ ސަމާސާގޮތަކަށްވުރެ ދިމާކޮށްލާފަދަ ރާގެކެވެ.

“ދެން…” ނާވީއަށް އިތުރަށް އެއްޗެއް ބުނާކަށް ނުކެރުނެވެ. ދައްތަގެ ކުރިމަތީގައި ލަދުވެތިކަން އޭނާ ހިޔާކުރިއެވެ.

“ދޮންތަބެ ދެކެ ދޮންތަ ވަރަށް ލޯބިވޭ، ދެމީހުންނަށް ވަކިން އުޅުމަކީ ދަތިކަމަކަށްވުމުން، ކައިވެންޏަކީ ލޯބީގެ ގުޅުން ހަރުދަނާކޮށް ދެހިތްގުޅުވައިދޭ މެދުވެރިޔާކަމަށްވާތީ ބޭނުންވީ އަވަހަށް ކައިވެނިކުރަން، ކައިވެނީގެ ގޮށްޖަހާލުމުން ދެމީހުންވެސް އެބަނދެވުނީ ވަރަށްވެސް މާތް ގުޅުމަކުން، އެހެންވީމަ އެހިސާބަށް ދާންވާނީ ވަރަށް ވިސްނާފަ، އަނެކާގެ ގޮތްވެސް އެނގިހުރެ، ދެމީހުންވެސް ބޭނުންވަނީ އެކަން ކަމުގައި ވަނީނަމަ، ނާވީ އާއި އެފަދަ ކުއްޖަކާ ދިމާވީތަ” ނުހާ މިހެން އަހާލުމާއިއެކު ނާވީ މަޑުމަޑުން ބޯޖަހާލިއެވެ.

“އިސްޖަހައިގެން އިނދެގެން ވާހަކަދައްކާއިރު ހީވަނީ ތިވާހަކަދައްކަނީ މޭޒުމަތީ ހުރި ތައްޓާހެން، ދޮންތައަށް ބަލާލާފައި ބުނެބަލަ، އެވަރުގެ ކުއްޖަކާ ނާވީ އާއި ދިމާވީތަ، ކޮންނަމެއް ކިޔަނީ” ނުހާ ޝައުގުވެރިކަން ހާމަކުރިއެވެ.

“ޖިޔާ… ޖިޔާ ކިޔަނީ” ނާވީ ޖެހިލުންވެފައި ނުހާއަށް ބަލަހައްޓައިގެން އިނދެ ބުންޏެވެ.

“ދޮންތައަށް ހީވަނީ ވަރަށް ދުވަސްވެއްޖެހެން ނާވީ އާއި ޖިޔާ ބައްދަލުވިފަހުން، ނޫންތަ” ނުހާ އަހާލިއެވެ.

“ހޫމް، ދުވަސްކޮޅެއްވެއްޖެ” ނާވީ އެއްބަސްވިއެވެ.

“މިގެއަށް ދޮންތައަށް ދައްކާލަން ނުގެންނާންތަ” ނާވީގެ ހޮވުން ބަލާލާހިތްއޮތްލެއް ބޮޑުކަމުން ނުހާ ބުންޏެވެ.

“އަދި ގެނެވޭކަށްނެތް، ދޮންތާ… ޖިޔާ… ޖިޔާ ވަރަށް ޔަންގު، އެކަމަކު… އޭނާވަނީ ދިރިއުޅުމުގެ ވަރަށް ގިނަ މަރުހަލާތަކެއް ކަޑަތުކޮށްފަ” ނާވީއަށް އެނގިފައިވާ އެއްޗެއް ނުހާގެ ގާތުގައި ހާމަކުރުން ފަސޭހަކަމަށްނުވިއެވެ.

“ތިބުނި އެއްޗެއް ނޭނގުނު، ޖިޔާގެ މަންމަ އާއި ވާހަކަދައްކާފަ ނޫނީ ނުގެނެވޭނެ ވާހަކަތަ ބުނަން ތިއުޅެނީ، ނޫނީ މާލޭގައި ނެތީތަ” ނުހާއަށް ހީވިއެއްޗެއްވިއްޔާ ބުނެލިއެވެ.

“ދެން… ދެން އެހެން ފަހަރަކުން ދޯ އެވާހަކަދައްކާނީ” އިރުކޮޅަކު އިނުމަށްފަހު ނާވީ މިހެންބުނެ ތެދުވެގެން ހިނގައިގަތީ ނުހާ އާއި ދުރަށެވެ. ހައިރާންވެފައި އިން ނުހާއަށް ވެސް ނާވީ ހަލުވިކަމާއިއެކު ތެދުވެގެން ދިއުމުން އިންތަނުން ތެދުވެވުނެވެ. އަދި ނާވީއަށް ގޮވާލަމުން އޭނާގެ ފަހަތުން ސިޓިން ރޫމަށް ނުކުމެވުނުއިރު ނާވީ އެޕާޓްމެންޓުން ބޭރަށް ނުކުންނަނީއެވެ. ކުއްލިއަކަށް ނާވީއަށް މިވީ ކިހިނެއްބާއޭ ނުހާގެ ހިތަށް އެރިއެވެ. އިތުރަށް ނާވީގެ ގާތުން ކަންކަން އޮޅުން ފިލުވުމުގެ ޝައުގުވެރިކަން ނުހާގެ ހިތާ ސިކުނޑީގައި އުފެދިގެން ދިޔައެވެ.

ހަވީރުގެ ވަގުތެވެ. ކުދަކުދިން ގޮވައިގެން އުޅޭ މީހުންނާއި ނޫކަށިފުރައިގެ އަންހެން ކުދިންގެ ގުރޫޕުތައް ޕާކުގެ ތެރޭގައި އުޅޭތަން ފެނެއެވެ. ހަމައެގޮތަށް އެ އަންހެންކުދިންނަށް ފާރަވެރިވަމުން ދިޔަ ޒުވާން ފިރިހެން ކުދިންވެސް ޕާކުގެ އެކި ދިމާލުގައި މަޑުކޮށްލައިގެން ތިއްބެވެ. ޕާކުގެ ހިލަގޮނޑިތަކުން ގޮނޑިއެއްގައި އިށީނދެގެން އިން ނާވީއަށް މީހަކު ގޮވާލުމުން އެދިމާލަށް އެނބުރުނެވެ. އޭރު އޭނާގެ ތިން ރަޙުމަތްތެރިން އެދިމާލަށް އަންނަނީއެވެ. ނުހާގެ ގާތުގައި ޖިޔާގެ ވާހަކަދެއްކުމަށްވުރެ ނާވީއަށް އޭނާގެ ރަޙުމަތްތެރިންގެ ގާތުގައި އެވާހަކަދައްކަން ފަސޭހަވިއެވެ. އެމީހުނާއިއެކު އެންމެ ކައިރިން ޖެހުނު ކެފޭއަށް ނާވީ ވަނެވެ.

ކޮފީމޭޒު ދޮށުގައި އެންމެނަށް ހަމަޖެހިލެވުމާއިއެކު ނާވީ، އޭނާގެ ހިތާ ސިކުނޑި މޭޒުމައްޗަށް ހުޅުވާލިއެވެ. ރަޙުމަތްތެރިން އޭނާ ދެއްކި ހުރިހާ ވާހަކައެއް އަޑުއެހިއެވެ. އެކަމަށް އެމީހުންގެ ޚިޔާލުވެސް ފާޅުކުރިއެވެ. އަދި ބައެއް ފާޑުކިޔުންތައްވެސް ލިބިގެންދިޔައެވެ. އެންމެން ކަހަލަ ގޮތަކަށް އެއްބަސްވީ ނާވީ ބޭނުންވާ ގޮތާއި ޚިލާފަށެވެ.

“ތިވަރުގެ އަންހެން ކުއްޖެއްކަމެއް އަހަރެން ކުރިން ނުދެނަހުރިން، އަހަންނަކަށް ނުފެނޭ ނާވީ އޭނާ އާއި ގުޅޭކަށް” ޝާވިން ބުންޏެވެ.

“އެއީ ތެދެއް ނާވީ، ތިބުނީ ދަރިއަކު ލިބެން އުޅޭވާހަކަ، އެއީ އެހެންމީހެއްގެ ޒިންމާއެއް، ނާވީ ކީއްކުރަން އެކަމުގެ ތެރެއަށް ވަންނަނީ، ހަމައެކަނި މައްސަލައަކީ މީހަކާ އިނދެ ވަރިވެފައި ހުރުމެއްނޫން، ދަރިއަކު ލިބެން އުޅޭތީ، ނާވީ ކިހިނެއް އެފަދަ ޒިންމާއެއްއުފުލާނީ، އަދި ތިއުޅެނީ ކިޔަވާ ނުނިމިގެން” އަޔާން ފާޅުގައި ދެކޮޅުހެދިއެވެ.

“ދުވަހަކުވެސް ކިޔަވާ ނުނިމޭނެ، އަހަރެން ދާން ބޭނުންވާ ހިސާބަށް ދިއުމަށްޓަކައި ކިތަށް އަހަރު އަދި އެބައޮތް، އެހިސާބަށް ދެވެންދެން އަހަރެން ހުރީ މީހަކާ ނީނުމަށް ނިޔަތްގަނެގެނެއްނޫން، މީހުންނާއިނަސް ކިޔެވޭނެ، އެކަން އަހަރުމެންނަށް އެބަ ފެނެއެންނު، އަހަރުމެންގެ ކިލާހުގައިވެސް ކިތަށް ކުދިން އުޅެނީ މީހުންނާއި އިނދެގެން ކިޔަވަން އައިސް، އަހަންނަށް ހީވަނީ އަޔާންމެންނަށް އަދި އަހަރެން ވިސްނާދޭން މިއުޅޭ ޕޮއިންޓު ނުވިސްނޭހެން، ޒިންމާ ނޫފުލޭވަރުގެ މީހެއް ނޫން އަހަންނަކީ، ދެން އިތުރަކަށް އަހަރެން ޅައެއްވެސް ނުވާނެ، އުމުރުން ތޭވީސް އަހަރުވާން އުޅޭއިރު އަހަންނަށް ޒިންމާ ނޫފުލޭންވީ ސަބަބެއް އަހަންނަކަށްނުވިސްނުނު، ދެން ތިބުނަނީ ވަޒީފާގެ ވާހަކަ، އަހަންނަށްވެސް އެނގެޔޭ ވަޒީފާއަކީ ހޯދީމަ ލިބޭ އެއްޗެއްކަން، އަހަރެން ވަޒީފާއަކާއި ކުރިމަތިލާން ޖެހޭވަރުގެ ކަމަކާ ދިމާނުވާތީ މިވީހާ ދުވަހު އެފަދަ ޚިޔާލެއް ނުގެންގުޅުނީ، އަހަރެންގެ ޢާއިލާގެ ޚަރަދުތައް ބެލެހެއްޓޭނޭ އިތުރު ގޮތްތައް ހުރީމަ އަހަރެން މިގޮތަށް މިހުންނަނީ” ނާވީ އޭނާގެ ހިތާއި އެއްކޮޅަށް ވަކާލާތުކުރިއެވެ.

“ނާވީ ވަރަށް ލޯބިވޭދޯ އެއަންހެން ކުއްޖާދެކެ” އެއްޗެއް ނުބުނެ މަޑުމަޑުން އިނުމަށްފަހު މައިސަމް ބުންޏެވެ.

“ފުރަތަމަ ފެނުނު ވަގުތުންފެށިގެންވެސް އަހަންނަށް މިކުރެވޭ އިޙުސާސަށް ބަދަލެއް ނާދޭ، ދުވަހަކަށްވުރެ ދުވަހެއް އެއިޙްސާސްތައް ވަރުގަދަވެ ހިތުގައި މޫލައިފި، އަހަރެންވެސް ހާދަ ގިނަގޮތްގޮތަކުން ވިސްނައިފީމޭ، އެކަމަކު ޖިޔާ އާއި ނުލާ އުޅޭނޭގޮތެއް އަހަންނަކަށް ނުވިސްނުނު، އެންމެ ހާސްވަނީ ޖިޔާ އަހަރެންގެ މީހަކަށް ވާނޭކަން ނޭނގޭތީ، އޭނާ އަހަރެންދެކެ ލޯބިވާކަމެއްވެސް ނޭނގޭ، ހުރިހާ ނިންމުމެއް އަހަރެން އަމިއްލައަށް ނިންމިނަމަވެސް ޖިޔާގެ ރުހުން ނުލިބި އަހަރުމެން ދެމީހުންނަކަށް ނުވެސް ގުޅެވޭނެ” މިހެންބުނެ ނާވީ އޭނާގެ ކުރިމަތީގައި ތަންކޮޅެއްކުރިން ވެއިޓަރު ގެނެސް ބެހެއްޓި ކޮފީޖޯޑުގައި ދެއަތުން ހިފާލިއެވެ.

“އެހަށްމަޑުކޮށްބަލަ، އަހަންނަށް އަދި ވާންވީގޮތެއް ނުވިސްނުނު، ޖިޔާ ޤަބޫލުވެގެނެއްނޫންތަ ނާވީ ތިއުޅެނީ އޭނާ އާއި ގުޅެން، ތީކޮންކަހަލަ ނިންމުމެއް، އެހަށް ކިޔާދީބަލަ ތިކަންތިގޮތަށްވާންޖެހުނު ގޮތް، ޖިޔާ ޤަބޫލުނުވަންޏާ މާރަނގަޅެންނު” އަޔާން ހީނލާފައި ބުންޏެވެ.

“ޖިޔާގެ ކޮއްކޮ ބުނީ ޖިޔާގެ ލައިފްގަ ދިމާވިކަންތައްތަކާއި ހުރެކަމަށް އޭނާ އިތުރަށް މީހަކާއި ގުޅެން ބޭނުންނުވަނީ، ޖިޔާއަށް އެނގޭނެ އަހަރެން އޭނާދެކެ ލޯބިވާކަން، އަހަރެން ބޭނުންވަނީ ޖިޔާގެ އެވިސްނުން ބަދަލުކުރަން، އަހަރެން ބޭނުންވަނީ އަހަރެންގެ ދިރިއުޅުމަށް ޖިޔާ ގެންނަން، ހުރިހާ އެންމެނަކީ އެއްކަހަލަ ބައެއްނޫންކަން އަހަރެން ބޭނުން ޖިޔާއަށް ވިސްނައިދޭން، ހުރިހާ ފިރިހެނުންނަކީ އަނިޔާވެރިވާނޭ ބައެއްވެސްނޫން، އަހަންނަށް އެނގޭ ތިތަނުން އެކަކުވެސް އެއްބަހެއް ނުވާނެކަން އަދި ބަލަހައްޓައިގެން ނުވެސް ހުންނާނެކަން އަންހެނަކަށް އަނިޔާލިބެމުންދާއިރު…” ނާވީ އޭނާގެ ރަޙުމަތްތެރިންނަށް ޒުހާ ކިޔާދިން ވާހަކަތައް ކިޔައިދިނެވެ. އެމީހުންނަށްވެސް އެއްޗެއް ނުބުނެ ތިބެވުނީ ޖިޔާގެ އުމުރުގެ ހަގުކަން އެނގުމުންނެވެ. އަންހެންކުއްޖެއްގެ އެހާ ޅައުމުރުގައި ކައިވެނި ކުރުވާ މީހުން އަދިވެސް އުޅޭބާއޭ ސުވާލުއުފެދިފައި އެކަކުއަނެކަކުގެ މޫނަށް ބަލާލިއެވެ.

ދެގަޑިއިރަށް ދެމިގެން ދިޔަ ކޮފީ ނިންމާލެވުނު އިރު އެންމެންގެ ޚިޔާލު ހުރީ ނާވީ އެހާ ބޭނުންވާކަމެއްވީމާ އޭނާއަށް އެހީތެރިވެދެން އޮތް ގޮތަކުންވިއްޔާ އެހީތެރިކަމުގެ އަތެއް ފޯރުކޮށްދޭ ގޮތަށެވެ. އެހެންނަމަވެސް ނާވީއަށް އެކިގޮތްގޮތުން ނަސޭހަތްތެރިވިއެވެ. އަދި ޢާއިލާގެ ރުހުން ހޯދުމަށް އެމީހުން ބުންޏެވެ. މިހާރުދެން އެކަމާ އެންމެ ނުގަބޫލުވާނެ ބަޔަކަށްވާނީ ނާވީގެ ޢާއިލާގެ މެންބަރުން ކަމުގައި އޭނާގެ ރަޙުމަތްތެރިންނަށް ވިސްނުނީއެވެ.

ހަވީރުގެ ވަގުތެވެ. ނާވީ ފެންވަރާލައިގެން ސިޓިން ރޫމަށް ނުކުންއިރު ޒިޔާފު ކުޅެން ގެންގުޅުނު ރޮބޮޓެއް ހަލާކުވެގެން އެކަމާއި ކުސްތަޅަމުން ނުހާގެ ފަހަތުން އުޅެއެވެ. ނާވީ ފެނުމާއިއެކު ދުވެފައި އައިސް ކުޅޭއެތި ދައްކާލަމުން ވީގޮތް ކިޔައިދީފިއެވެ.

“ރޮބޮޓް މުސްކުޅިވީމަ ފައިވެސް މިއޮތީ ބިނދިފަ، ދެން ޖެހޭނީ އައު ރޮބޮޓެއް ގަންނަން، ހިނގާ އައު ރޮބޮޓެއް ގަންނަން ދަމާ” ނާވީ މިހެން ބުނުމާއިއެކު ޒިޔާފު ވަރަށް ވިސްނުންތެރިކަމާއިއެކު އަތުގައި އޮތް ރޮބޮޓަށް ބަލާލިއެވެ.

“މަންމަ ބުނި ކާފަވެސް މުސްކުޅިޔޯ، ދެން ކާފަގެ ފައިބިންދައިގެން ދިޔައީމަ ކިހިނެއް އައު ކާފައެއް ހޯދާނީ، ކޮއްކޮ ބޭނުމެއްނޫން އެހެން ކާފައެއް، ކޮއްކޮގެ ޑެޑީވެސް ދިޔައީ، ކޮއްކޮއަށް އެނގޭ ޑެޑީ ދެން ނާންނާނެކަން، ކޮއްކޮ ކިލާސްކުދިން ކައިރީގައި ބުނީ ކޮއްކޮގެ އައު ޑެޑީއަކީ ނާބެއޭ، ނާބެ ވާނަންނަ ދޯ ކޮއްކޮގެ ޑެޑީއަށް” ކުއްލިއަކަށް ޒިޔާފު ދައްކަންފެށި ވާހަކައަކުން ނާވީ ވަރަށް ދެރަވެއްޖެއެވެ.

“ޔާފު ގާތު އަބަދުވެސް ހުންނާނެ ނާބެ، ދެން ހިނގާ މަންމަ އަތުން ރޮބޮޓް ގަންނަން ރުފިޔާ ހޯދަން” އަވަސް އަވަހަށް ޒިޔާފު އުރާލަމުން ނާވީ ބުންޏެވެ.

* * * *

ދަންވަރުގެ ވަގުތެވެ. އޭސީގައި އޮތްއިރުވެސް ޖިޔާއަށް ހޫނުވާވަރުން ނިދޭގޮތެއްނުވިއެވެ. ހޫނުވަނީ ބަނޑުގައި ރިހޭވަރުންނެވެ. އެކަމަކު މީހަކަށް ގޮވާލާކަށް އޭނާ ބޭނުމެއްނޫނެވެ. އަދިވެސް ކެތްކޮށްލައިގެން އޮވެވުނު ގޮތަކަށް އޮވެލާނީއޭ ހިތާ އޮތީއެވެ. ގާތުގައި އޮތް ޒުހާ އޮތީ ގަދަ ނިދީގައެވެ. ޖިޔާ އޭނާގެ ނިތްކުރީގައި ވިދަމުންދިޔަ ދާތިކިތަށް އަތުން ފޮހެލުމާއިއެކު ދެއަތުން ބަނޑުގައި ހިފާއްޓައިލިއެވެ. މީހާ ތުރުތުރު އަޅާގޮތްވާންފެށުމާއިއެކު ކެތްކުރަން ދަތިވާވަރަށް ރިހުން ނަގަންފަށައިފިއެވެ. ބޭއިޙްތިޔާރުގައި ޒުހާގެ އަތުގައި ހިފައި ބާރުކޮށްލެވުމާއިއެކު އޭނާ ތެދުވީ އަތަށް ތަދުވެގެންނެވެ. އޭރު ޖިޔާ އޮވެގެން ފާޑަކަށްތެޅެނީއެވެ. ކަންބޮޑުވެފައި ހުރެ ޒުހާ އަވަސް އަވަހަށް އެދުން ފައިބައިގެން ގޮސް ޝާކިރާއަށް ގޮވިއެވެ. ޝާކިރާއަށް ވެސް ތެދުވެވުނު ގޮތް ނޭނގެއެވެ. ދުވެފައި ކަހަލަ ގޮތަކަށް ޒުހާގެ ކޮޓަރިއަށް އައިސް ވަނެވެ. އޭރު ޒުހާ، ޒީޝާއަށްވެސް ގޮވައިފިއެވެ.

“ޒީޝާ، އަވަހަށް ހޮސްޕިޓަލަށް ގުޅާބަލަ” ޝާކިރާ ކަންބޮޑުވެފައި އެކޮޓަރި ދޮރުމައްޗަށް ހުއްޓުނު ޒީޝާއަށް ބުނެލިއެވެ. ހާސްވެފައި ހުރެ ޒީޝާ ދުއްވައިގަތީ އޭނާގެ ފޯނު ބަލައެވެ. ދުރުގައި ހަދަންވީ ގޮތެއް ނޭނގިފައި ޒުހާ ހުއްޓެވެ.

އެމްބިއުލާންސްގައި ޖިޔާ ހޮސްޕިޓަލަށް ގެންދެވުނުއިރު އޭނާގެ އެންމެ ގާތުގައި ޝާކިރާ އިނެވެ. ޒީޝާ އާއި ޒުހާއަށް ހޮސްޕިޓަލަށް އާދެވުނީ އިރުކޮޅެއްފަހުންނެވެ. ހާސްވެފައި ހުރެ ދެބެން އެކުގައި އައިސް ޝާކިރާގެ ގާތުގައި މަޑުކޮށްލިއެވެ.

“ބޭބީ އެއްޗެހި އަޅާފައި ހުރި ދަބަސް ގެނައިންތަ، ނަރުސްކުއްޖާ ދެންމެ އެވަނީ، ބުނީ ޖިޔާ ވިއްސޭތޯ ޑޮކްޓަރުން މަސައްކަތް އެބަކުރެޔޭ، އެކަމަކު ފަހަރެއްގައި ސީ.ސެކްޝަނަކަށްވެސް ވެދާނެއޭ” ޝާކިރާ، ޒީޝާއަށް އޮޅުންފިލުވައިދިނެވެ. އެބުނި އެއްޗެއް ނޭނގިފައި ހުރި ޒުހާ، ޒީޝާގެ އަތުގައި ހިފާ ތަޅުވައިގަންނަމުން އެބުނީ ކީކޭތޯ ސުވާލުކުރިއެވެ.

“އޮޕަރޭޝަންކޮށްފައި ބޭބީ ނަގަންވެސް ޖެހިދާނެއޯ” ޒީޝާ ސިއްރުސިއްރުން ބުނެލިއެވެ. ކުރިއަށްވުރެ ޒުހާ ހާސްވުމާއިއެކު ތިރީތުންފަތުގައި ދަތްއަޅާލެވުނެވެ. ޒީޝާ އަވަސް އަވަހަށް ޒުހާގެ އަތުގައި އޮތް ދަބަސް އަތުލާފައި ޝާކިރާއަށް ދިއްކޮށްލިއެވެ.

ފަތިހުގެ ވަގުތެއްގައި މިދުނިޔެއަށް އުފަންވި ކުޑަކުޑަ ފުރާނައިގެ އަޑު ޖިޔާގެ ކަންފަތުގައި ޖެހުނެވެ. ކުޑަކުޑަހިނދުކޮޅެއްގެ ތެރޭ ފުއްގަނޑެއް ފަދަ ކުޑަކުޑަ ލޯބިލޯބި އަންހެން ކުއްޖަކު ގެނެސް ޖިޔާގެ މޭމަތީ ބާއްވާލައިފިއެވެ. އޭރުވެސް އެކުއްޖާއަށް ރޮވެނީއެވެ. ފުންނޭވާއެއް ބޭރުކޮށްލެވުމާއިއެކު ޖިޔާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. އެކުޑަކުޑަ މޫނުން އޭނާއަށް ސިފަވެގެން ދިޔައީ އެ ދަރިފުޅުގެ ބައްޕައެވެ. ލުއިހީނލުމުގެ ތެރެއިން ޖިޔާގެ ކުދިކުދި ދަތްތައް ފާޅުވުމާއިއެކު ދެލޮލުން ހިފޭއްޓުމެއްނެތި ކަރުނައަތުވެއްޖެއެވެ.

“މަންމަހާ ލޯބިލޯބި ބޭބީއެއް” ޖިޔާގެ ގާތުގައި މަޑުކޮށްލައިގެން ހުރި ނަރުސްކުއްޖާ ބުނެލިއެވެ. އަދި ކުޑަކުއްޖާ ސާފުކޮށްލުމަށް ޖިޔާގެ މޭމަތިން ނަގައިގެން ގެންދިޔައެވެ. އެހިނދު ދަރިފުޅު ގޮވައިގެން ހިނގައިގަތް ނަރުސްކުއްޖާ އާއި ދިމާލަށް އެނބުރިލަން ޖިޔާ ބޭނުންވިއެވެ. ހިތުގައި ކުއްލިއަކަށް ވަކިނުވެވޭނޭ ފަދަ ވަރުގަދަ ޖަޒުބާތެއްގެ އޮއެވަރެއް އުފެދިގެން ދިޔައެވެ. ދަރިފުޅުގެ ތޫލި ރުއިމުގެ އަޑުން ޖިޔާގެ ހިތަށް ހަމަޖެހުން ލިބިގެން ދިޔައިރު ކުރިއަސަރުވެސް ބޮޑެވެ. އެ ދަރިފުޅުގެ މޫނު ދެކިލުމަށް އޭނާ ރެޔާއި ދުވާލު ކުރި އިންތިޒާރު ނިމުމަކަށް އައީއެވެ. ހިތަށް ސިފަކުރެވުނު ވަރަށްވުރެވެސް ދަރިފުޅު ފުރިހަމަވެފައި ލޯތްބެވެ. ހީކުރިވަރަށްވުރެވެސް ބޮޑަށް ދަރިފުޅުގެ ބައްޕަ އާއި ވައްތަރުކަން ޖިޔާއަށް ފުރަތަމަ ދަރިފުޅު ފެނިލުމާއިއެކުވެސް ދެނެގަންނަން އެނގިއްޖެއެވެ.

* * * *

“ކިހިނެއްވީ؟” ނިދިފައި އޮތް އިބާވެސް ދިޔައީ ސިއްސައިގެންނެވެ.

“ކަމެއްނުވޭ، އިބާ ނިދާލާ، އެބަ އަންނަން ފެންފޮދެއް ބޯލައިގެން” މިހެން ބުނެ ޒުކަން އެނދުން ފައިބެން އައިސް ފެންތައްޓެއް އެޅިއެވެ. އިބާއަށް ނިދާކަށް ފަސޭހައެއްނުވިއެވެ. ހަތަރުދަމު އެނދުގައި އޮންނަންވީމާ އޭނާއަށް ކުރެވޭކަމަކީ ނިދުމެވެ. އެހެންވެ ރޭގަނޑަށް ނިދޭގޮތް ނުވަނީއެވެ. ޒުކަން ސިއްސައިގެން ދިއުމުން އޭނާވެސް ސިހުނީއެވެ. އޭރު އިބާވެސް އޮތީ ނިދިޖެހޭގޮތްވެފައެވެ. އޭނާ ޒުކަންއަށް ބަލަން އޮއްވައި ފެންތަށި ބޯލުމާއިއެކު ޒުކަން ގޮސް ވަނީ ފާޚާނާއަށެވެ.

ލޯގަނޑަށް ބަލަހައްޓައިގެން ޒުކަން އެތަށްއިރަކު ހުއްޓެވެ. އިސްކުރުން ފައިބައިގަތް ފެނުން ފެންގޮއްޓެއް މޫނަށް ޖެހުމާއިއެކު ދެއަތުން މޫނު ފޮހެލިއެވެ. އަދި ދެފަރާތަށް ބޯހޫރާލަމުން އެއްއަތުން ބޮލުގައި ހިފާއްޓާލިއެވެ. އޭނާއަށް ހުވަފެނުން ފެނުނީ އެމީހެއްގެ މަތިން މިހާރު ހަނދާންކުރަން ބޭނުންނުވާ ފަރާތެކެވެ. ހުދުކުލައިގެ ކުރު ހެދުމުގައެވެ. ބޭއިޙްތިޔާރުގައި ގޮސް ޒުކަންގެ އަތުގެ ތެރެއަށް އެއަންހެން ކުއްޖާ ލެވުނީ ފަސްޖެހުމަކާއި ނުލައެވެ. ޒުކަންއަށް އޭނާގެ ހިތުގައި އަތްޖައްސާލެވުނެވެ. އަނެއްކާވެސް ދެފަރާތަށް ބޯހޫރާލެވުނީ އެއީ އޭނާ ބޭނުންވާގޮތް ނޫންވީމައެވެ. އެކަމަކު އޭނާއަށް އެއަންހެން ކުއްޖާއާއި ދިމާވި ރޭމަތިން ހަނދާންނައްތައެއް ނުލެވުނެވެ. އެޚިޔާލުތަކާއި ދުރަށް ދެވިފައި ހުއްޓާ އަނެއްކާ އޭނާއަށް އެކަންތައްތައް މަތިން ހަނދާންކޮށްދީފިއެވެ. ހުވަފެނުގައި އޭނާގެ ގާތަށް އައިހެވެ. ހުވަފެނުގައިވެސް އޭނާއަށް އެރޭދިން ފޮނިމީރުކަން އިޙްސާސްކޮށްދެމުންނެވެ. ފުންމައިގެން ތެދުވެވުނީ އިބާގެ މަތިން ހަނދާންވުމުންނެވެ. ލިބެން އުޅޭ ދަރިފުޅުގެ މަތިން ހަނދާންވުމުންނެވެ.

“އިބާއަށް ހަޤީޤަތް ކިޔާދޭންވީތަ، އޭނާ ޤަބޫލު ކުރާނެބާ އަހަރެން ދެން އެހެން ނޫޅޭނެކަމަށް، އެކަމަކު އަހަންނަށްވެސް ނޭނގޭ ދެން އެއަންހެން ކުއްޖާ އާއި ދިމާވެއްޖެއްޔާ ޚުދު އަހަންނަށްވެސް ވާނީ ކިހިނެއްކަމެއް، ކޮބާބާ އޭނަ، މިފަސްގަނޑުގައި ހެޔޮހާލުގައި ދިރިހުރިބާ، ހިތަށް އަރާ އެންމެ ފަހަރަކުނަމަވެސް އަދި ބައްދަލުވާނެނަމައޭ، އޭނާ އަހަންނާއިމެދު ދެކޭނީ ކިހިނެއްބާ” ޒުކަން މޭގައި އަތްޖައްސާލައިގެން ހުރެ ލޯގަނޑުން ފެންނަމުން ދިޔަ އޭނާގެ އަމިއްލަ ސޫރައާއި ވާހަކަދެއްކިއެވެ. ސިކުނޑީގައި ނޭނގޭ ހަލަބޮލިކަމެއް ކުއްލިއަކަށް އުފެދިގެން ހިނގައްޖެއެވެ. ހިތުގައި އެ ނުދަންނަ އަންހެން ކުއްޖާއާއިމެދު އުފެދިފައިވާ އިޙުސާސްތައް އަނެއްކާވެސް ހޭލައިގަތް ކަހަލައެވެ. ދުވަހަކުވެސް މިފަދަ ގޮތަކަށް އިބާ ނޫން މީހަކާއިމެދު ޒުކަން ވިސްނާފައެއްނުވެއެވެ. އޭނާގެ ހިތާހަމައަށް ކޮންމެކޮންމެ އަންހެން ކުއްޖަކަށް ވާސީލުމަކީ އެއްވެސް އިރެއްގައިވެސް ފަސޭހަކަމެއްނޫނެވެ. އިބާދެކެ އިންތިހާއަށް ލޯބިވާއިރު، މިހާރު އޭނާގެ ދިރިއުޅުން މިވަނީ ފުރިހަމަވުމާއި ގާތްވެފައެވެ. ވީއިރު އޭނާ އެހެން އަންހެން ކުއްޖަކާއިމެދު ވިސްނާކަށް ބޭނުމެއްނޫނެވެ.

ފާޚާނާއިން ނުކުމެގެން އައިސް އެނދަށް އަރާ ޒުކަން އޮށޯވެލަމުން އިބާއަށް ބަލާލިއެވެ. އޭނާ އޮތީ ދެލޯމަރައިގެން ކަމުން ޒުކަން މަޑުމަޑުން އިބާއަށް ފުރަގަސްދިނެވެ. އޭނާގެ މޫނުމަތީގައިވާ ކުލަވަރު ފޮރުވަން ބޭނުންވެފައި އޮތްހެންނެވެ.

ކުޑަކުޑަކޮށް ލޯހުޅުވާލި އިބާ ސިއްރުން ކަހަލަ ގޮތަކަށް ޒުކަންއަށް ބަލާލިއެވެ. ސުވާލުން ފުރިފައިވާ ގޮތަކަށް އިބާ، ޒުކަންއަށް ބަލާލާފައި އަވަސް އަވަހަށް ދެލޯ މަރާލީ ޒުކަން އޭނާއަށް ބަލާލުމުންނެވެ. ދެލޯ މަރާލައިގެން އޮތްއިރުވެސް އިބާއަށް ވިސްނެނީ ޒުކަން އާއިމެދުއެވެ. ޒުކަންއަށް ފެނުނީ ހުވަފެނާއި ގުޅޭގޮތުން ސުވާލުކުރަން ބޭނުންވިއެވެ. އެވަރަކުން ޒުކަން ހާސްވާވަރުގެ ކަމަކަށް ހުވަފެނުގައި ފެނުނީ ކޮންކަމެއްބާއޭ އިބާގެ ހިތަށް އެރިއެވެ. ނަމަވެސް އޭނާއަށް އެގަޑީގައި ސުވާލުގިނަ ކުރާކަށް ނުކެރުނެވެ. ޒުކަން ފަހުން ކިޔާދީފާނެ ކަމުގައި ހީކޮށްލައިގެން އޮވެ އިބާ ނިދޭތޯ އުޅުނެވެ.

* * * *

އެކަކުގެ ލޮލުންވެސް ނިދީގެ އަސަރެއް ފާޅެއް ނުވެއެވެ. ތިންމީހުންގެ މޫނުމަތީގައިވެސް ވަނީ ކަންބޮޑުވާއި ހާސްކަމުގެ ލިސާންތަކެވެ. ޖިޔާ ނެރޭނެ އިރެއްގެ އިންތިޒާރުގައި ކެތްތެރިކަން ކޮޅުންލާވަރުވެފައި އެންމެން ތިއްބެވެ. ނަރުސްކުއްޖާ ނުކުމެ ޖިޔާ އޮޕަރޭޝަންކޮށްފައި ދަރިފުޅު ނެގި ވާހަކަ ބުންޏެވެ. އަދި ދަރިފުޅާއި މަންމަގެ ހާލުވެސް ރަނގަޅުކަމުގައި ވެސް ބުންޏެވެ. ޝާކިރާ އެންމެ ހާސްވެ ކަންބޮޑުވީ ނަރުސްކުއްޖާ ނުކުމެ ޖިޔާގެ ފިރިމީހާ ކޮބާތޯ ސުވާލު ކުރުމުންނެވެ. އެތަނުގައި މަޑުކޮށްލައިގެން ދެންތިބި މީހުންނަށް ބަލާލުމަށްފަހު އޭނާ ހަޤީޤަތް ހާމަކުރިއެވެ. ޖިޔާ ހުރީ ވަރިކޮށްފައި ކަމެވެ. ޖިޔާގެ ބެލެނިވެރިޔާގެ ހައިސިއްޔަތުން ހުރިހާ ފޯމުތަކެއްގައި ސޮއިކުރީ ޝާކިރާއެވެ. ޖިޔާގެ ހުރިހާ ޒިންމާއެއް އަލުން އުފުލަން އޭނާ ހުރީ ތައްޔާރަށެވެ.

ނަރުސްކުއްޖާ ޖިޔާގެ ދަރިފުޅު ނެރެ ޝާކިރާމެންނަށް ދައްކާލިއެވެ. ހަމައެވަގުތު ޢާއިލާގެ ހުރިހާ މެންބަރުންގެ ހިތްތަކުގައި އެކުއްޖާގެ މައްޗަށް ލޯބި އުފެދިގެން ދިޔައެވެ. ޒުހާ އަވަސް އަވަހަށް ފޯނުން ފޮޓޯ ނަގާލިއެވެ. ޒީޝާ ކެތްތެރިކަން ކުޑަވެފައި ބަލަން ހުރީ އޭނާގެ އަތުގެތެރެއަށް އެކުއްޖާ ލާން ލިބޭނޭ ފުރުޞަތަކަށެވެ.

“ލޯބި ލޯބި ފުއްކޮށްޅެއް، ހީވަނީ ޖީހެން ދޯ މަންމާ” ޒުހާ މިހެން ބުނެލީ އެއްވެސް ވަރަކަށް ވިސްނާލާފައެއް ނޫނެވެ. އެހެންނަމަވެސް ޝާކިރާއަށް އޭނާގެ އަތުގައި އޮތް މާމަ ދަރިފުޅުގެ މޫނަށް ބަލާލެވުނެވެ. ޖިޔާއަށް ލިބިފައިވާ ފަދަ ރީތި ދެލޮލެވެ. މަރާލައިގެން އޮތްއިރުވެސް އެލޮލުގެ ރީތިކަން ޝާކިރާއަށް ފާހަގަވިއެވެ. އޭނާގެ އަތުގެތެރެއަށް ނަރުސްކުއްޖާ ގެނެސް ޖިޔާ ލާދިން ހަނދާން ސިކުނޑީގައި އާވެގެން ދިޔައެވެ. އޮތީ ހަމައެގޮތަށެވެ. މަޑުމަޑުފުއްކޮޅެއްހެންނެވެ. ވަރަށް ދޮނެވެ. އެހެން ކުދިންނާ ތަފާތުގޮތެއް ހުއްޓެވެ. ޝާކިރާ ދެން ހަނދާންވީ ޖިޔާގެ ލޮލުގެ ކަޅީގެ ކުލަ ތަފާތުކަމެވެ. ހިނިއައިސްފައި ހުރެ މާމަ ދަރިފުޅުގެ ކޮލުގައި ދެފަހަރަކު ކޮށްޓާލިއެވެ. ނަމަވެސް އެކުއްޖާ ލޯހުޅުވާކަށް ބޭނުމެއްނުވިއެވެ.

“މަންމާ، ދެން އަހަރެން އުރާލަން ދޭންވީނު” އެންމެ ފަހުން ކެތްނުވެގެން ޒީޝާ ބުންޏެވެ. ހިނިއައިސްފައި ހުރެ ޝާކިރާ، ޒީޝާގެ އަތުގެތެރެއަށް މާމަދަރިފުޅު ލާދިނެވެ. ޒީޝާ ވަގުތުން އެކުއްޖާގެ މޫނުގައި ބޮސްދީފިއެވެ.

އެއްފަރާތަކަށް ޖެހިލި ޒުހާ އަވަހަށް އޭނާގެ ފޯނުން ފޭސްބުކަށް ވަދެ ފޮޓޯ އަޕްލޯޑުކޮށްލައިފިއެވެ. އަދި ނުވިތާކަށް އެފޮޓޯ ވައިބަރގެ އެހީގައި އެކުވެރިންނަށްވެސް ފޮނުވާލައިފިއެވެ. ލިބުނު އުފާވެރި ޚަބަރު ފަޅިސިކުންތުކޮޅެއްގެ ތެރޭގައި ހޫނުކަމާއިއެކު އެތަކެއް ބަޔަކާއި ޚިއްޞާކޮށްލައިފިއެވެ. ދެވަނަ ފަހަރަށް އެތުއްތުކުއްޖާ ގާތަށް ދާން ޒުހާ ހިނގައިގަތް ވަގުތު ނަރުސްކުއްޖާ ޖިޔާގެ ދަރިފުޅު ގޮވައިގެން ލޭބާރު ރޫމު ތެރެއަށް ވަދެއްޖެއެވެ.

* * * *

މިސްކިތުން ނުކުތީ ފުއާދާއި ނާވީ އެކީގައެވެ. މާގިނަ ވާހަކައެއް ނުދެއްކި ނަމަވެސް ފުއާދު ދުރުދުރުން ނާވީގެ ކިޔެވުމާއި ބެހޭގޮތުން ސުވާލުކޮށްލިއެވެ. ނާވީ ކުރު ޖަވާބަކާއިއެކު ލައިގެން ހުރި ފަޓުލޫނުގެ ދެޖީބަށް އަތްޖަހާލައިގެން ހުރެ ފުއާދާއި އެއްވަރަށް ހިނގަން މަސައްކަތް ކުރިއެވެ. ފަތިސް ނަމާދުކޮށްގެން ދެބަފައިން މިސްރާބު ޖަހާފައި ހުރީ ގެޔާއި ދިމާލަށެވެ. ފުރާވަރުންފެށިގެން އެއީ ނާވީގެ އާދައެކެވެ. ބައްޕަ އާއިއެކު ފަތިސް ނަމާދަށް ދާން ހޭލުމާއިއެކު ނަމާދަށް ދާނީވެސް އަންނާނީވެސް ބައްޕަ އާއިއެކުއެވެ. ނަމާދުން އައިސް އެނދުގައި އޮށޯވެލަނީ ނިދާކަށްނޫނެވެ. އެހެންނަމަވެސް އެނދުގައި ހަމަޖެހިލެވުމާއިއެކު ނާވީއަށް އޮންނަނީ ނިދިފައެވެ. މިއަދުވެސް ނަމާދުން އައިސް ކޮޓަރިއަށް ވަނީ ނިދުމުގެ ބޭނުމަކުނޫނެވެ. އެހިނދު ނާވީގެ ލޮލުގައި އަޅައިގަތީ ސިގުނަލް ބޮކި ދިއްލެމުން ދިޔަ އޭނާގެ ފޯނެވެ. ލައިގެން ހުރި ގަމީސް ބާލާފައި ކޮނޑެއްގައި އަޅުވާލުމާއިއެކު އޭނާ އައިސް އެނދުގައި އޮށޯތީ ފޯނު ނަގައިގެންނެވެ. މެސެޖުތަކެއް އައިސްފައި ހުރިކަން ޔަގީންވާތީ ނާވީ ފޯނު ހުޅުވާޅިއެވެ. އޭނާއަށް އަށް ލިބިފައި ހުރި މެސެޖުތަކާއި އެތަނުން މެސެޖަކާއިއެކު ފޮނުވާފައި އޮތް ފޮޓޯ ފެނި އޭނާގެ ހުރިހާ ސަމާލުކަމެއް ފޯނުގެ އިސްކިރީނަށް ހުއްޓުނެވެ. އެތަށް އިރަކު ބަލަހައްޓައިގެން އިން ނާވީގެ ތުންފަތަށް ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. މޮޔައަކު ފަދައިން އެކަނިއިނދެ އޭނާ މަޑުމަޑުން ހޭންފެށިއެވެ. އޭނާގެ ސިކުނޑީގައި ކޮންވެސް ޚިޔާލެއް ދަތުރުކުރާކަން ޔަގީނެވެ. ހެވިފައި އިނދެ ނިންމުމެއް ނިންމާލާފަދަ ގޮތަކަށް މަޑުމަޑުން ބޯޖަހާލިއެވެ. އަދި އަވަސް އަވަހަށް ފޯނުގެ ގަޑި ބަލާލިއެވެ. އިރުއަރާ އަލިވާނެ އިރަކަށް ނާވީ އިންތިޒާރު ކުރިއެވެ. އެނދުން ތެދުވެގެން އައިސް ބެލްކަންޏަށް ނުކުމެ ވަށައިގެން ފެންނަން އޮތް އުދަރެހަށް ބަލާލިއެވެ. އޭގެ ފަހުގައި އަނެއްކާވެސް ލޯ އަމާޒުވެގެން ދިޔައީ ފޯނަށެވެ. ދެއަތުން ފޯނުގައި މެސެޖެއް ލިޔަން ފެށިއެވެ.

(ނުނިމޭ)

Leave a Comment

Your email address will not be published. Required fields are marked *