THEMI VAAREYGA VEEMEY [PART 5]

“އިންސާނެއްގެ ސިފައިގައި ހުއްޓަސް ހާދައޭ ރީތީ، ޖިންނިއެއްވިޔަސް ވަރަށް ފުރިހަމަ، އޭނަވެސް އެހުރީ އަހަންނާއި ބައްދަލުކުރުން ބޭނުންވެފަ ކަންނޭގެ… ކީކޭބާ ބުނާނީ…” ނާވީ، ގަހުގެ ހިޔަލަށް ނުވަދެ ހުރި ޖިޔާގެ ގާތަށް އައިއިރު ހިތަށް އަރަމުން ދިޔައެވެ. މަޑުމަޑުން އައިސް ހިނގުންމަޑުކޮށްލަން އުޅުނު ނާވީ ސިއްސައިގެން ދިޔައީ ކުރިމަތީ ހުރި ޖިޔާ ފަހަތަށް ފަހަތަށް ދާންފެށުމުންނެވެ. ދެފަރާތަށް ބޯހޫރާލަމުން ރޯންފެށި ޖިޔާ ފެނިފައި ނާވީ ވަރަށް ކަންބޮޑުވިއެވެ.

“އިޓްސް އޯކޭ، އަހަރެން އެއްވެސް ކަމެއްކުރާކަށް ނޫޅެން، ޕްލީޒް، ޤަބޫލުކުރޭ، ތީ ކޮންކުއްޖެއްތަ، ކީއްވެތަ އަބަދު މިތާ ވާރޭގެތެރޭގައި އިންނަނީ، ރޮނީ ކީއްވެތަ؟ އެހީތެރިކަމެއް ބޭނުންވަނީތަ” ކަންބޮޑުވެފައި ހުރެވެސް ނާވީ އަވަސް އަވަހަށް ވާހަކަދައްކަމުން ފިޔަވަޅުއެޅީ ކުރިއަށެވެ.

ޖިޔާއަށް ވާރޭގެތެރޭގައި އޭނާގެ ކުރިމަތީގައި ހުރި ހިކި ދިގު ޒުވާނާ ފެނި ހިތް ކުދިކުދިވެގެން ދިޔަކަހަލައެވެ. ކުރެވުނު އުންމީދާއި ލިބުނު ކުޑަކުޑަ ހިތްވަރުވެސް ގެއްލިގެން ދިއުމާއިއެކުއެވެ. އިޙްތިޔާރަކާއިނުލާ ބާރަށް ރޮވުނީ ވެސް އެހެންވެއެވެ. ނުވިތާކަށް ނާވީ ޖިޔާ އާއި ދިމާލަށް އަންނަން ފެށުމުން އަވަހަށް ބޭނުންވީ އޭނާގެ ކުރިމަތިން ދުރަށްދާށެވެ. އެހެންވެ ނާވީ ގޮވަގޮވާ އޮއްވައި ފަހަތަށް އެނބުރި ދުއްވައިގަނެއްޖެއެވެ. އޭނާގެ ފަހަތުން ނާވީ ވެސް ދުއްވައިގަތެވެ. ހާސްވެކަންބޮޑުވެފައި ހުއްޓެއްކަމަކު އެ އަންހެން ކުއްޖާއަށް ނާވީ އެހީވާން ބޭނުންވިއެވެ. ވަކި ހިސާބަކަށް ޖިޔާގެ ފަހަތުން ނާވީ ދުވެފައި ދިޔައެވެ. އޭނާ ހުއްޓުނީ ޖިޔާއަށް އޭނާގެ ސަބަބުން ނުރައްކަލެއްނެތްކަން ޔަގީންކޮށްދިނުމަށެވެ. މާނޭވާއެއް ލަމުން މަގުގެ މެދުގައި ހުއްޓެވުނު ނާވީ ބޮލުގައި އަތްހާކާލުމާއިއެކު ލޮލުގައިވާ އައިނު ނަގައިފިއެވެ. ބާރަށް ދުވުމުގެ ސަބަބުން ފުންނޭވާތަކެއް ލަމުން ދިޔަ ނާވީއަށް ވާރޭގެ ތެތްކަން އިޙްސާސް ކުރެވުނީ ދެނެވެ. ގަސްދޮށުގައި ހުރެ ބޮލުގައި އަޅުވާފައި އޮތްބައި ފަހަތަށް ވައްޓާލި ގޮތަށް އޭނާގެ ކޯޓުގެ ދެފަރާތްވަނީ ހުޅުވިފައެވެ. ވެހެމުންދިޔަ ވާރޭ، ޖެހެމުންދިޔަ ވަޔާއި ބައިވެރިވެގެން އައިސް ނާވީ ލައިގެން ހުރި ޓީޝާޓާއި ޖިންސުގެ ކުރިމަތި އެއްކޮށް ތެތްމާލައިފިއެވެ. އޭރު ތުނިކޮށް ކޮށާލެވިފައިވާ އިސްތަށިތަކުގެ ތެރެއިން ކަނދުރާއަށާއި މޫނުމައްޗަށް ދިގުރޮނގެއްހެން ފެންތައްފައިބަމުން ދިޔައެވެ. ފަހަތަށް އެނބުރި ބަލާލާފަވެސް އަނެއްކާ ނާވީ ބަލާލީ ޖިޔާ ދިޔަ ދިމާލަށެވެ. އެހެންނަމަވެސް ކަރުއެލުވާލަމުން ފަހަތަށް އެނބުރި އޭނާ ހިނގައިގަތީ ގެއަށް ދިއުމަށެވެ.

ތެމިފައި ހުރި އެއްޗެހީގައި އައިސް ނާވީއަށް ގެއަށްވަދެވުނީ އައިސްއަލަމާރި ކައިރީ ފެންފޮދެއް ބޯލަން ނުހާ ހުއްޓައެވެ. ސިޓިން ރޫމުގައި ހުރި ފަނޑުއަލިކަމުގެ ތެރެއިންވެސް ނުހާއަށް އޭނާގެ ކޮއްކޮ ހުރީ ތެމިފޯވެފައިކަން އެނގުނެވެ. ސިއްރު ސިއްރުން ދޮރުހުޅުވާލާފައި ވަން ނާވީއަށް ނުހާ ފެނުމުން ދިޔައީ ސިއްސައިގެންނެވެ. އެތަންފެނި ނުހާގެ އަނގައިގައި ހުރި ފެންތައް ބުރައިގެންދިޔައީ އައި ހިންޏާއިއެކުއެވެ.

“ކްރެޕް!… ދޮންތާ!” ސިހިފައި ނާވީއަށް ބުނެވުނެވެ.

“ވަގަކު ވައްކަންކުރަން ވަންނަހެން ތިވަންނަނީ، އަނެއްކާ މިރޭ ކޮންތާކަށްގޮސްލާފަ އައިރެޔެއް، ކޯޓުގައި ލޯވަޅުއެޅީތަ ނޫނީ ފަރާތްފަރާތުން އިރައިގެން ދިޔައީތަ، ހާދަ ވަރެއްވެފައޭ ތިހުރީ” މިހެންބުނެ ނުހާ ހެމުންހެމުން އަތުގައި އޮތް ފެންފުޅު ސިޓިން ރޫމުގެ އެއްފަރާތުގައި ހުރި މޭޒުމަތީ ބަހައްޓަމުން ޓިޝޫފޮށިން ޓިޝޫ ނަގާ ޓައިލްސްތައް މަތި ފޮހެން ފެށިއެވެ. ނާވީ އެއްޗެއްނުބުނެ ހީނލާފައި ވަނީ އޭނާގެ ކޮޓަރިއަށެވެ.

ޖިޔާ ހެދުން ބަދަލުކޮށްލައިގެން އައިސް އެނދުގައި އޮށޯތީ ނިދޭނެކަމަށެވެ. އެހެންނަމަވެސް އޭނާ އާއި ނިދި ދުރުވިތާ ކިތަންމެ ދުވަހެކެވެ. އޭނާގެ ހަމަޖެހުން ގެއްލި ހިތާމަކޮށްކޮށް ދެލޮލާ ހިތް ފާރުވެއްޖެއެވެ. މަންމަމެން މާލެ އައުމުން ދެންވާނީ ކިހިނެއްކަމެއްވެސް އޭނާއަކަށް ނޭނގެއެވެ. ޝާކިރާ ހުރީ އިންތިހާ ދަރަޖައަށް ރުޅިއައިސްފައެވެ. ބަނޑުގައިވާ ދަރިފުޅަށް ދެރަކަމެއްވުމަކީ އެއްގޮތަކަށްވެސް ޖިޔާ ބޭނުންވާގޮތެއް ނޫނެވެ. ސިކުނޑިއަށް ހީވަނީ ޒަލްޒަލާއެއް އައިސްފައިވާހެނެވެ. ވިސްނާވިސްނާ ވެސް ދެން ހަދާނެގޮތެއް ނޭނގުނެވެ. ޖިޔާ ބާލީސް ނަގާ މޭމަތީ ބާއްވާލަމުން އޭގައި ބާރަށް ބައްދާލަމުން ދެލޯމަރާލިއެވެ.

ދެލޯ މަރާލައިގެން އޮތެއްކަމަކު ނާވީއަށް ނިދޭގޮތެއްނުވިއެވެ. ސިކުނޑީގައި އެއް މަންޒަރެއް ތަކުރާރުވާ ކަހަލައެވެ. އެނދުގައި އޮވެ ދޭތެރޭއަކުން ފުންނޭވާއެއް އޭނާ ބޭރުކޮށްލައެވެ. ދެލޯ ނުހުޅުވަން އޮންނަނީ އޭނާ އެމަންޒަރުތައް ބަލަން ބޭނުންވާތީ ކަންނޭގެއެވެ. އެހެން އޮވެ އަމިއްލަ ޟަމީރާއި ވާހަކަދައްކަންފެށިއެވެ.

“ހިތާމައިގެ ކަރުނައަށްވުރެ އުފާވެރިކަމުގެ ހިނިތުންވުމެއް އެ މޫނާ މާގުޅޭނެ، އެހާބޮޑު ހިތާމައެއް އޭނާ އެކުރަނީ ކީއްވެބާ؟ އެކަން އެނގެން އަހަރެން ބޭނުން، އެކަމަކު އޮޅުން ފިލުވާނީ ކިހިނެއްކަމެއް ނޭނގޭ، އަބަދު އެގޮތަށް ތެމިވާރޭގައި އިންނަންވެއްޖެނަމަ އޭނާގެ ހާލު ދަށަށްހިނގައިދާނެހެން ވަރަށް ހީވޭ، މީ ފުރަތަމަ ރެއެއްނޫން އެކުއްޖާ އެތަނުގައި އިންނަތާ، ކައިރިން ފެނުނީމަ އަދިއެއްފަހަރު އޭނާ ދެކިލާހިތްވެއްޖެ، އެ ރީތި ލޯބި ލޯބި ކުއްޖާ އެ ކުރާ ހިތާމައިގަ އަހަރެންވެސް ބައިވެރިވާ ހިތްވެއްޖެ، އެކަމަކު އިތުރަށް ރޮއްވާކަށް ނޫން، އެ ލޮލުން ހިފޭއްޓުމެއްނެތި އޮހެމުންދާ ކަރުނަތައް ފޮހެލަދޭން، އެހިތަށް ލިބިފައިވާ ބަރުކަން ލުއިކޮށްދޭން… ދެން އަހަންނާ އޭނަ ބައްދަލުވާނެތަ، މިރޭ އެވީގޮތުން ދެން ދުވަހަކުވެސް އޭނާ އެ ޕާކަށް ނާންނާނެ ކަންނޭގެ…” ނާވީ ކުއްލިއަކަށް ދެލޯ ހުޅުވާލަމުން އެނދުންތެދުވެ އިށީނެވެ. އަދި ފައިމަތީ އުޅަންބޮށި ވިއްދާލުމާއިއެކު ދެއަތްތިލައިގެ ތެރެއަށް އޭނާގެ މޫނުލާ ފޮރުވާލިއެވެ. ދެފަރާތަކަށް މޫނު ތަޅުވާލަމުން ހީވީ ޚިޔާލުތައް ސިކުނޑިން ނެރިލަން މަސައްކަތްކުރިހެންނެވެ.

ބަންޑުން ނިދާފައި އޮތް ނާވީގެ އެއްއަތް އެނދުން ބޭރަށްވެއްޓިފައި އޮތްއިރު ބޯދަށަށް ލައްވާލި ބާލީސް ވެސް އޮތީ ތިރީ ކާޕެޓުމައްޗަށް ވެއްޓިފައެވެ. އެނދުގެ ހުރަހަށްވާގޮތަށް ނާވީއަށް އޮއެވުނު އިރު ގައިމަތީ އަޅާފައިވާ ފޮތިގަނޑުގެ އެއްބައިވެސް އޮތީ އެނދުން ބޭރަށް ފައިބާފައެވެ. ފެންނަފެނުމަށް ހީވަނީ ރޭގައި އޭނާއަށް ނިދުނީ ލައްކަ ސަކަރާތްޖެހުމަށްފަހު ހެންނެވެ.

“ޔާފް، ނާބެ އޮންނާނީ ނިދާފަ، ހޭލަންދެން މަޑުކުރޭ، އަވަހަށް ހިނގާ ނާބެ ހޭލަންވާއިރަށް ސައިބޯލައިގެން ހުންނަން ދޯ” ނާވީގެ ކޮޓަރި ބޭރުގައި ހުރެ ދޮރުގެ ތަޅުގައި ހިފަން މަސައްކަތްކުރާ ޒިޔާފަށް ނުހާ ބުންޏެވެ.

“ނޫން، ނޫން، ނޫން، މަންމަ ޕްލީޒް، ކޮއްކޮއަށް ޑޯ އޯޕަންކޮށްދީބަލަ، ކޮއްކޮ ވަންނަން ބޭނުން، ހުޅުވާ، ހުޅުވާ، ހުޅުވާ، ހުޅުވާ…” ގޮތްދޫކުރުމެއްނެތި ބޮޑާހާކާފަދަ ގޮތަކަށް ޒިޔާފު، ނުހާ ލައިގެން ހުރި ޓީޝާޓުކޮޅަށް އެއްއަތުން ދަމަމުން އަނެއް އަތުން ދޮރުގެ ތަޅުގައި ހިފަން މަސައްކަތް ކުރަމުން ދެފައިތަޅައިގަތެވެ. ނުހާ ޕިސް ޕިސް ލައްވާލަމުން ދަރިފުޅު ޒިޔާފަށް ލޯއަޅާލީ އެކުއްޖާ މައިތިރިވާނޭ ކަމަށެވެ. ނަމަވެސް ނުހާގެ ބަލާލުމުން ޒިޔާފު ތުންފިއްތާލައިފިއެވެ. އެކުއްޖާއަށް ބަލާލާފައި ނުހާއަށް އިތުރަށް ކެތެއްނުވިއެވެ. ނާވީއަށް އުނދަގޫވެދާނެތީވެ ނުހުޅުވަން ހުރި އޭނާގެ ކޮޓަރި ލޯބިވާ ދަރިފުޅަށްޓަކައި ހުޅުވައިދިނެވެ. ވަގުތުން ފުންމާލާފައި ހަލުވިކަމާއިއެކު ކޮޓަރިތެރެއަށް ދެމިގަތް ޒިޔާފު ދުވެފައި އައިސް ނާވީގެ ބޮލުގެ ކުރުއިސްތަށިތަކާއި އެ ކުޑަކުޑަ ދެއަތުން ކުޅެލިއެވެ. އަދި ނާވީގެ ކޯތާފަތުގައި މޫނުޖައްސާލުމާއިއެކު ބޮސްދިނީ އެމަންޒަރުފެންނަ މީހެއްގެ ހިތްވެސް ލޯބިން ފުރޭނޭފަދަ މައުސޫމުގޮތަކަށެވެ. ލޯހުޅުވާނުލިނަމަވެސް ނާވީ އޭނާގެ އަތްހިއްލާލާފައި ޒިޔާފުގެ ގައިގާ އަތްލަން އުޅުނީ އެއީ ޒިޔާފުކަން އެނގި އޮވެއެވެ. ތުންފަތަށް ވެރިވި ހިނިތުންވުމާއިއެކު މަޑުމަޑުން ލޯހުޅުވާލީ އޭނާގެ އަތުގައި ނުޖެހި ޒިޔާފު ދުވެލާފައި އައިސް އެނދުގެ ފައިލާކޮޅުން އަރާ ނާވީގެ ބުރަކަށީމަތީ އިށީނުމުންނެވެ.

“ކޮންކުއްޖެއްތަ މިއުޅެނީ މާ އަވަހަށް މޯނިންގ ވެގެން، އަނެއްކާ ނާބެގެ ޔާފްތަ، ނޫނީ މިގޭ އުޅޭ ބެޓްމޭންތަ” ނާވީ ސަމާސާ ރާގެއްގައި ބުނެލިއެވެ. އޭރު އެކޮޓަރިއަށް ވަދެ މަޑުކޮށްލައިގެން ހުރި ނުހާއަށް ބެލެނީ ނާވީ އެނދުގައި ނިދާފައި އޮތްގޮތެވެ. އޭނާގެ ކޮއްކޮއަކީ ތަރުތީބުވުމަށް ލޯބިކުރާ މަޑުމައިތިރި ޒުވާނެކެވެ. ވީއިރު އެނދުމައްޗަށް އެހާބޮޑު ބަދަލެއް އައިސްފައިވާތަން ފެނުމުން އޭނާ ވަރަށް ބޮޑަށް ހައިރާންވީއެވެ. އެއާއިއެކު ދެން ހަނދާނަށް އައީ ރޭގައި ނާވީ ގެއަށް އައިގަޑި އާއި އޭނާ ހުރި ގޮތެވެ. ވިއްސާރަކޯޓެއް ލައިފާ ހުރިއިރުވެސް މުޅި މީހާ ތެމިފޯވެފައި ހުރިކަމެވެ. އަނގައިންނުބުނެ ހިނިތުންވުމަކުން ފުއްދާލާފައި ކޮޓަރިއަށް އޭނާ ވަންކަމެވެ.

ނާވީ ގާތު އެއްޗެއް އަހަން އުޅުނުފަދަ ގޮތަކަށް އަނގަހުޅުވާލި ނުހާ ލުއިގޮތަކަށް ހިނިތުންވެލީ ޚިޔާލު ބަދަލުވެގެން ކަންނޭނގެއެވެ. އޭނާ ވެސް ކޮޓަރިތެރެއަށް ބޮޑަށް ވަދެލުމާއިއެކު ޒިޔާފަށް ގޮވާލައިފިއެވެ.

“ޔާފް، ދެން ހިނގާ އަވަހަށް ދާން، މަންމަ ކާން ހަދަންވާއިރަށް އޭރުން ނާބެއަށްވެސް ތިއްތިވެގެން އާދެވޭނީ” ނުހާ ހިނިއައިސްފައި ހުރެ ބުންޏެވެ. ނާވީގެ ލޮލުގައިވާ ނިދީގެ އަސަރު އޭނާ ފިލުވާލަމުން ކުޑަކުޑަ ޒިޔާފު އޭނާގެ ބުރަކަށިމަތިން އެނދުމައްޗަށް ވައްޓާލުމާއިއެކު ބަނޑުގައި ގިލިގިލިކޮއްޓާލުމާއިއެކު ހެއްވާލައިފިއެވެ. އެމަންޒަރު ބަލަންހުރި ނުހާއަށް ވެސް ހެވުނީ ތަންކޮޅެއް ބާރަށެވެ.

“ދޮންތަ ދާންވީނު ސައިގެ ކަންތައްތައް ނިންމާލަން، އަހަރެން ދަމުން ޔާފް ގޮވައިގެން ދާނީ” ދެފައިވަށްކޮށްލަމުން ޒިޔާފުގެނެސް އުނގަށްލާފައި ނާވީ ބުންޏެވެ.

“އޭނަ ބަހައްޓާފަ ގޮސްފިއްޔާ ނާވީއަށް އެއްކަމެއްވެސް ނުވާނެ، ޒިޔާފު، ހިނގާ ދަރިފުޅާ، ނާބެ ބްރަޝްކޮށް ބާތު ނަގައިގެން ދަރިފުޅާއިއެކު ސައިބޯން އަންނާނެ، ހިނގާބަލަ ކާފަ ހޭލައިފިތޯ ބަލާލަން” ނުހާ ބޭނުންވީ ޒިޔާފުގެ ސަމާލުކަން އެހެންކަމަކަށް ހުއްޓުވާލައިގެން ވިޔަސް އެވަގުތު އެ ކޮޓަރިން އެކުއްޖާ ނެރުމަށެވެ. އެހެންނޫނީ އޭނާ ބުނިހެން ނާވީއަށް ފެންވަރާލަނޭ ފުރުޞަތުވެސް އެކުއްޖާ ނުދޭނެއެވެ. އަނެއްކޮޅުން ލިބުނު ހުކުރު ދުވަހުގައިވެސް ރަނގަޅަށް އަރާމުކޮށް ނިދާލަންވެސް ނޯވެވުނެވެ. ނަސީބަކުން ނުހާގެ ވާހަކަ ޤަބޫލު ކުރުމާއިއެކު ޒިޔާފު ދުވެލާފައި ނާވީގެ ކޮޓަރިން ނުކުމެގެން ދިޔައީ އޭނާ ސައިބޯނީ ނާވީ އައިމާކަމަށް ބުނެފައެވެ. އަދި އިންޒާރު ދޭފަދަ ގޮތަކަށް ނިކަން ލޯބިކޮށް ނާވީއަށް އަންގާލީ އޭނާގެ ކިރުތަށި ނާވީ ނާންނަހާ އިރަކު ނުބޯނެކަމަށެވެ. ޒިޔާފުގެ އެ ޢަމަލު ފެނުމާއިއެކު ހިނިއައި ނާވީ އަވަސް އަވަހަށް ބޯޖަހާލީ އާނއެކޭ ބުނުމުގެ ގޮތުންނެވެ.

ހެނދުނުގެ އަވި ބަދިގޭގައި ހުޅުވާފައި ހުރި ކުޑަދޮރުން ވަނީ ވަރަށް ސިއްރު ފިޔަވަޅުތަކެއްގައިކަން ޔަޤީނެވެ. ސައިބޯން އިން ޖިޔާއަށް އޭނާގެ ފުރަގަހުން އައިސް ދެފައިތިލަ އާއިއެކު ފައިގެ ކުޑަކަޅުވާއަށް މަޑުހޫނުކަމެއް އިޙްސާސް ކުރެވިގެން ބަލާލިއިރު ކުޑަދޮރުން ވަދެގެން އައި އަވީގެ ވިދުންގަނޑުން މާބަލްތަޅުމުގެ ވިދުން ގަދަކުރުމާއިއެކު ޖިޔާގެ ފައިގައި ބޮސްދެނީއެވެ. މަޑުމަޑުން ސައިޖޯޑު ހިފައިގެން ކުޑަދޮރުގެ ކައިރިއަށް ޖިޔާ ދިޔައެވެ. ވަށައިގެން ފެންނަ އިމާރާތްތަކުގެ ތެރޭގައި އެހިސާބުގައި ހުރި އެންމެ އުސް އިމާރާތަކީ އެ ގެކަމަށްވާތީ ކައިރީގައި ހުރި އެހެން އިމާރާތްތައް އުނދަގުލެއްނެތި ފެންނަމުން ދިޔައެވެ. ހިތްހަމަޖެހިލާ ފަދަ ގޮތަކަށް ފުންނޭވާއެއް ލުމާއިއެކު ޤުދުރަތުން ފުރިގެންވާ އުޑަށް އޭނާ ބަލާލިއެވެ. ރޭގައި ކުރި ވިއްސާރައިގެ ސަބަބުން ހުދުކަފަ ވިލާތައް ގިނަވެފައި އަދިވެސް އަޅިކުލަ ވެރިވެފައި ވެއެވެ. އެހެންނަމަވެސް އިރުގެ ދޯދިތައް ބިމާއި ހަމައަށް ފޯރުވަމުން ދަނީ އެހެން ދުވަސް ދުވަހާއި ޚިލާފަށް އޭގެ ބާރު ވިލާތަކަށް ދައްކާލަން އުޅޭފަދަ ގޮތަކަށެވެ. އަތުގައި އޮތްޖޯޑު ނަގާ ތުނބުގައި ޖައްސާލަމުން ޖިޔާ އޭގެން އެތިފޮދެއް ބޯލިއެވެ. އަދި މަޑުމަޑުން އޭނާގެ ލައިގެން ހުރި މަޑުއޮރެންޖު ކުލައިގެ ޑިޒައިންއެޅި މެކްސީގެ މަތިން އޭނާގެ އަމިއްލަ ބަނޑުގައި އަތްޖައްސާލިއެވެ.

“އޭނާވީ ކޮންތާކުތަ؟ އަހަރެން އޭނާ ހޯދަން ދާނީ ކޮންތާކަށް؟ މީ އޭނާގެ ވެސް ދަރިއެއްކަން އަންގާނީ ކިހިނެއް؟… އާނ! އަހަރެން ވަރަށް ލޯބިވޭ، ދުވަހަކުވެސް އެއްވެސް އިންސާނެއްދެކެ ލޯބިނުވާ ވަރަށް ލޯބިވޭ، ހިތުގައި މިހާ ވޭންއަޅާއިރުވެސް އޭނާދެކެ މިވާ ލޯތްބަށް ކުޑަވެސް ބަދަލެއް ނާދޭ، އޭނާ އަހަންނަށް ދީފައި އެ ދިޔައީ ދުވަހަކުވެސް ހިތުންނުފިލާނޭ ވަރުގެ ހަދިޔާއެއް، އަމާނާތެއް، ލޯބީގެ ހައްޤުގައި މި އަމާނާތައް ރައްކާތެރިވާނަން، އަލުން ބައްދަލުވާނޭ ދުވަހަކަށް” ޖިޔާ ވާހަކަދައްކަމުން ދިޔައިރު މަޑުމަޑުން އޭނާގެ އަތުން ބަނޑުގައި ފިރުމަމުން ދިޔައެވެ. ލުއި ހިނިތުންވުމެއް ޖިޔާގެ ތުންފަތަށް ވެރިވިއެއްކަމަކު އެއްލޮލުގެ ކަރުނަވަޅާ ދިމާލުން ފާއްދާލި ކަރުނަތިކި ނޭފަތްކައިރިން ލާފައި ތިރިއަށް ފައިބައިގެން ދިޔައެވެ. އެހިނދު އަވަސް އަވަހަށް ލޯކައިރި ފޮހެލިއެވެ. އޭނާ އިތުރަށް ރޯން ބޭނުންނުވާ ކަހަލައެވެ. ޖިޔާގެ މުޅި ތަބީޢަތް ބަދަލުވެފައި ވާކަހަލައެވެ. ބަސްމަދުވެފައި ފިކުރާ ޚިޔާލުގެ ތެރެއަށް އޭނާ ފީނާ ވަގުތު ގިނަވެފައި ވެއެވެ. ހިތްހަމަޖައްސާލުމަށް އޭނާގެ ސިކުނޑީގައި ރައްކާކުރެވިފައިވާ ހަނދާންތަކުގެ އެހީ އަބަދުމެ ހޯދައެވެ.

ފުންނޭވާއެއް ލުމާއިއެކު ބެލްކަނީގައި ހުރި ޒުކަން އައިސް ކޮޓަރިތެރެއަށް ވަނެވެ. އަދި އަތުގައި ހުސްވެފައި އޮތް ކޮފީ މަގު ހިފައިގެން ކޮޓަރިން ނުކުންނަން އޭނާ ހިނގައިގަތެވެ. އޭރު ތުވާލިކޮޅުން ހަށިގަނޑު ނިވާކޮށްލައިގެން ހުރެ އިބާ ފާޚާނާއިން ނުކުންނަނީއެވެ. އޭނާއަށް ޒުކަން ފެނުމާއިއެކު ހިނިތުންވެލެވުނެވެ. މި ފަހަކަށް އައިސް އިބާގެ މޫނުގައި ނުފިލާ ހިނިތުންވުމެއް އަބަދުމެ ހުރެއެވެ. ޒުކަން އޭނާ އާއި ގަޔާވާކަން ނުދެއްކިނަމަވެސް ޒުކަންގެ ފަރާތުން އޭނާއަށް ލޯތްބާއި އަޅާލުން ލިބެއެވެ. މަޑުމަޑުން އައިސް ރީތިވާ މޭޒުގެ ލޯގަނޑުން އިބާ ބަލާލިއެވެ. އަދި ބޮލުގައި އޮޅާލެވިފައި އޮތް ތުވާލިކޮޅު ނައްޓާލަމުން އެއްފަރާތު ފާރުގައި ހަރުކޮށްފައި ހުރި ހެއަރ ޑްރަޔަރގެ ސުވިޗު ޖައްސާލިއެވެ. އިބާގެ އިސްތަށިގަނޑުގައި ބުރުސް އަޅަމުން ހެއަރ ޑްރަޔަރއިން ހިއްކަމުން ދިޔައެވެ. އޭނާ އެކަންކޮށް ނިމުނު އިރުވެސް ކޮޓަރިން ބޭރަށް ނުކުން ޒުކަން ނާދެއެވެ. ދެފަހަރަކު ދޮރާ ދިމާލަށްވެސް އިބާއަށް ބަލާލެވިއްޖެއެވެ.

އަލަމާރީގެ ދޮރުފަތް ކަހާލުމާއިއެކު ތަޅުލާފައި ހުރި ވަތްގަނޑު އިބާ ހުޅުވާލިއެވެ. އަދި އޭގައި ހުރި ފައިލްތަކުގެ އެއްފަރާތުގައި އޮތް ބޭސް ފޮށި އޭނާ ނަގާ ހުޅުވާލުމާއިއެކު އޭގެތެރޭގައި އޮތް ބޭސްކާޑަށް ބަލާލިއެވެ. އެވެސް ނެގުމާއިއެކު އިބާ ހިނގައިގަތީ އެނދުކައިރީ ހުރި ކުޑަކަބަޑުގެ މަތީ ބަހައްޓާފައި ހުރި ކަލަންޑަރު ބަލާލުމަށެވެ. ތަރީޙުތަކަށް އިބާގެ ނަޒަރު ހުއްޓަމުން އައިސް އަތުގެ އިނގިލިތަކުން އޭނާ ގުނާލިއެވެ. ތުންފަތަށް ވައްތަރެއް ޖައްސާލުމާއިއެކު އިބާ ވިސްނާލިއެވެ. ދެފަރާތަށް ކުއްލިއަކަށް ބޯހޫރާލިގޮތުން ހީވީ އޭނާއަށް ވިސްނުނު ޚިޔާލު ރަނގަޅު ނުވިހެންނެވެ. އަތުގައި އޮތް ބޭސްކާޑަށް އަދިވެސް އެއްފަހަރު އިބާ ބަލާލާފައި އެ ކޮޓަރީގައި ހުރި ކުނި ވަށިގަނޑަށް ވައްޓާލިއެވެ. އެކަން ކުރެވުމުން އޭނާގެ ތުންފަތަށް ކުރިއަށްވުރެވެސް އުޖާލާ ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. އަވަސް އަވަހަށް އެނދުމަތީ އޮތް އޭނާގެ ޖިންސާއި ޓީޝާޓުކޮޅު ގަޔަށް ހެޔޮވަރުކޮށްލަމުން ކޮޓަރިން ނުކުންނަން ހިނގައިގަތެވެ.

ސައިމޭޒު ދޮށުގައި އައިސް ނާވީ އިށީނުމުން އޭނާއަށް ނުހާ ބަލާލިއެވެ. ތާޒާކަން އެމޫނު މަތިން ފެންނަމުން ދިޔައިރު ފިރިހެންވަންތަ މީރުވަހެއްވެސް ފެތުރިގެން ދިޔައެވެ.

“މިގަޑީގަވެސް ސެންޓުފުޅި ހުސްކޮށްލައިގެންތަ ތިނިކުތީ، އަދި ހުކުރަށް ދާނީ ކޮންއިރަކު” ނުހާ އޭނާގެ ކޮއްކޮއަށް ދިމާކޮށްލިއެވެ. މިފަހަރުވެސް ނާވީ އެއްވެސް އެއްޗެއް ނުބުނެ ޒިޔާފާއި ސަމާސާ ކުރަމުން ދިޔައެވެ. އެކަން ނުހާއަށް މާބޮޑަށް ފާހަގަ ކުރެވިގެން ދިޔައެވެ. ނާވީއަކީ މަޑުމައިތިރި ޒުވާނަކަށްވިޔަސް ނުހާގެ ވާހަކަތަކާއި ވިއްދާފައި އޭނާ ކޮންމެވެސް އެއްޗެއް ބުނާނެއެވެ. ސުވާލުތަކުން ނުހާގެ ސިކުނޑި ފުރެން ފެށުމުން އެކަމުން އޭނާއަށް އުނދަގޫވިއެވެ.

ފުއާދު ސައިބޮއެ ނިންމާލާފައި ކުދިން ގާތު ބޭރަށް ނުކުމެލަން ކަމުގައި ބުނެފައި ސައިމޭޒުދޮށުން އަވަދިވެގެން ހިނގައްޖެއެވެ. ނުހާ ފުރުޞަތުގެ ބޭނުން ހިފަމުން އޭނާގެ ކޮއްކޮ ތެދުވެގެން ދާން އުޅެން ފެށުމުން މަޑުކުރުވިއެވެ.

“ނާވީ، ދޮންތަ ވާހަކައެއް އަހާލަންތަ؟” ވަރަށް ނޫން ގޮތަކަށް ނުހާ ބުނެލިއެވެ. އެއާއިއެކު ނާވީ ހޫނ ލައްވާލަމުން ބޯޖަހާލިއެވެ. އޭރުވެސް ޒިޔާފު ނާވީގެ އަތަށް ދަމަމުން ކޮންމެވެސް އަނގައެއް ތަޅުވާލަ ތަޅުވާލާ ހުއްޓެވެ.

ނުހާ އެކި ގޮތްގޮތުން ސުވާލުކުރިއެވެ. އެކި ކަންކަމާއި ގުޅުވައިގެންނެވެ. އެހެންނަމަވެސް އޭނާއަށް މާ އެދެވޭ ކާމިޔާބެއް ނުލިބުނެވެ. އޭނާ ހީކޮށްގެން އިން ފަދަ ޚާއްޞަ އެއްވެސް ވާހަކައެއް ނާވީއެއް ނުދެއްކިއެވެ. އެންމެފަހުން ކުޑަކުޑަ ޒިޔާފާއި ހެދި ނާވީ އިންތަނުން ތެދުވެގެން ދިޔައީއެވެ.

* * * *

އެކަނިވެރި ދަވަސްތަކަކަށްފަހު އެޕާޓްމެންޓުގެ ބެލްޖަހާލި އަޑު ޖިޔާއަށް އިވުނެވެ. ކުއްލިއަކަށް މީހާގެ މޫނުމަތީގެ ކުލަވަރު ބަދަލުވެގެން ދިޔަ ކަހަލައެވެ. ދެލޮލުން ހާސްވެފައި ހުރިކަމުގެ ނިޝާންތައް ފާޅުވިއެވެ. ދެވަނަ ފަހަރަށް ބެލްޖެހުމާއިއެކު ނުދާން ހުރެފައިވެސް ޖިޔާ އައިސް ދޮރުގައި ބޭރުފެންނަ ގޮތަށް ހުރި ކުޑަ ބިއްލޫރިކޮޅުން ބަލާލިއެވެ. ކުރިއަށްވުރެ ދެލޯ ބޮޑުކޮށްލެވުމާއިއެކު އަވަސް އަވަހަށް އޭނާ ދޮރު ހުޅުވިއެވެ. ޗުއްޓީ ނިންމާފައި ޖިޔާގެ ޢާއިލާ އެނބުރި އައީއެވެ.

“ކީއްތަ ތިކުރަނީ، ނިދަނީ ދޯ” ދޮރުހުޅުވާލި ޖިޔާ ފެނުމާއިއެކު ޝާކިރާ ބުންޏެވެ. އަދި ކައިރީގައި ހުރި ފޮށި ދަމަމުން އެތެރެއަށް ވަނެވެ. އެންމެންގެ ތެރެއިން ޒީޝާ އެތެރެއަށް ވަދެގެން ދިޔަގޮތުން ހީވީ ވައިސޫރިއެއް އެތެރެއަށް ވަދެގެން ދިޔަހެނެވެ. އެމަންޒަރު ފެނި އެކަމާ ފުންނޭވާއެއް ޖިޔާ ބޭރުކޮށްލި ތަނާހެން ކުއްލިއަކަށް އޭނާގެ ގައިގާ ޒުހާ އައިސް ބައްދައިގަނެއްޖެއެވެ.

“ވަރަށް ދުވަސްކޮށްފަ މީޓުވިހެން ހީވަނީ، ޖީ މަތިން ވަރަށް މިސްވި” ޢާއިލީ ލޯތްބާއި އޯގާތެރިކަން ޒުހާގެ ފަރާތުން ފާޅުވެގެން ދިޔައީތީ ޖިޔާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. ބޭރުދޮރު ލައްޕާލުމާޢިއެކު ޒުހާ، ޖިޔާގެ އަތުން ދޫކޮށްނުލާ އަނެއްއަތުން އޭނާގެ ފޮށި ދަމަމުން އެ ދެކުދިން ނިދާ ކޮޓަރި އާއި ދިމާލަށް ހިނގައިގަތެވެ. ޝާކިރާ ވެސް ހަލުވިކޮށް ހިނގާފައި ގޮސް ވަނީ އޭނާގެ ކޮޓަރިއަށެވެ.

“ޖީ، ވަރަށް ތަފާތުހެން ހީވަނީ، ކޯވެސް މާބޮޑުވެއްޖެހެން ހީވަނީ، އަނެއްކާ މަންމަ ބުނިހެން ނިދާފަ އޮއްވާތަ އަހަރުމެންނަށް މި އާދެވުނީ” ޒުހާ ކޮޓަރިއަށް ވަދެ އެނދުމައްޗަށް އުއްޑުން ވެއްޓިގަނެފައި ހަމަޖެހުމުގެ ނޭވާއެއް ލަމުން އޭނާއަށް ބަލަން ހުރި ޖިޔާއަށް ބުންޏެވެ.

“ހެ ހެ ހެ، އެހެންތަ، އެކަމް އެއީ ޒޫކޮއަށް ހަމަ ހީވާ ގޮތް، އެނގޭތަ، ދެ ދުވަހެއްވެއްޖެ ހިތަށް އަރާތާ ޒޫކޮށްމެން އަންނާނީ ކޮންދުވަހަކުން ބާއޭ، އަންނާނޭ ދުވަހެއްވެސް ނުބުނެވިއްޔާ ދިޔައީ” ޖިޔާގެ ނަފްސު ހަމަޖެހިފައި ހުރިގޮތް ދައްކަމުން ހިނިތުންވެލައިގެން ހުރެ އައިސް ކޮއްކޮ ޒުހާގެ ގާތުގައި އެނދުގައި އިށީނެވެ.

“މަންމަ އަހަރުމެން ގާތު ނުބުނަންޏާ ކިހިނެއް ޖީ ގާތު ބުނާނީ، ފުރައިގެން ދިޔައިރުވެސް ހުރީ ކަންފަތުން ދުންނުކުންނަވަރުވެފަ، ވަރަށް ދެރަވި ޖީ އެވަރަށް ރޮނިކޮށް ދޫކޮށްލާފަ ދާންޖެހުނީމަ، މިހާރު އޯކޭތަ، އަނެއްކާ އަހަރެން މިވާހަކަދެއްކިޔަސް އޯކޭތަ” ޒުހާ ތެދުވެ ޖިޔާ އާއި ކުރިމަތިލައިގެން އިށީންނަމުން އަހާލިއެވެ. ޖިޔާގެ މޫނުމަތީގައިވި ހިނިތުންވުން ފަނޑުވެގެން ދިޔަތަން ޒުހާއަށް ފެނި އޭނާ ކަންބޮޑުވިއެވެ. ނަމަވެސް ޖިޔާ ނިކަން އަވަހަށް ޒުހާއަށް ބަލާލަމުން ގެއްލެންއުޅުނު ހިނިތުންވުން އަނބުރާ ތުންފަތަށް ގެނެސް ކޮއްކޮއަށް ބަލާލިއެވެ.

“ތިބުނީ އަހަރެން އެވާހަކަ ދެއްކިޔަސް ޖީ ރުޅިނާންނާނަމޭ ދޯ” ޒުހާއަށް ޖިޔާގެ ހިނިތުންވުމުން ނެގުނު މާނަ ބުނެލީ ވަރަށް ގަޔާވެފައި އިންކަން ދައްކާލަމުންނެވެ. ހަމައެހިނދުކޮޅުގެ ތެރޭ ޒުހާ ޖިޔާގެ އަތުގައި ހިފާ ބާރުކޮށްލަމުން، ކުއްލިއަކަށް އޭނާ އެނދުން ތެދުވީ ކަމެއް ހަނދާންވެގެން މީހަކު ތެދުވާފަދަ ގޮތަކަށެވެ.

“ކިހިނެއްވީ” ޖިޔާއަށް ވެސް ހައިރާންވެފައި އަހާލެވުނެވެ.

“އަހަރެން ޖީއަށް އެއްޗެއް ގެނައިން، އެކަމަކު މަންމައަކަށް ނޭނގޭނެ” ޒުހާ އަވަސް އަރުވާލާފައި ތިރީގައި ހުރި ފޮށި ބާއްވާލަމުން އޭތި ހުޅުވިއެވެ.

“މަންމަ، ޒޫކޮށްއަށް ރުފިޔާ ދިނީތަ” މިހެންބުނެ ޖިޔާ ފައިމަތީ ދެއަތްބާއްވާލަމުން ޒުހާ ހުޅުވައިގެން އިން ފޮއްޓާއި ދިމާލަށް ގުދުވެލިއެވެ.

“މަންމައަށް ލަނޑެއް ދިނީ، އަހަރެން މަންމަ ގާތު އާދޭސްކޮށްގެން ގަތީ އަހަންނަށް މިހެދުން ވަރަށް ރީއްޗޭ ކިޔައިގެން، މިހެދުން ފެނުނީމަ ހަނދާންވީ ޖީއަށް އެންމެ ރީތި އެއްކޮލަ ވައިޓް ހެދުން މަތިން، ބަލާބަލަ، ކަމުދޭތަ” ޒޫޝާ ފޮށިން ނެގި ލައިލެކް ކުލައިގެ ރޭނދާކޮޅެއް ފަސްބައިގައި އަޅާފައި އޮތް ހެދުން ޖިޔާއަށް ދިއްކޮށްލިއެވެ. އެއާއިއެކު ޖިޔާ އެ ހެދުން ހިފައިގެން ތެދުވެ އޭނާގެ ގައިގާ ޖައްސާލަމުން ޒުހާއަށް ދައްކާލިއެވެ.

“ރަނގަޅުތަ ޒޫކޮށް، ވަރަށް ރީތި އިނގޭ، ވަރަށް ކަމުދޭ، އަދި ވަރަށް ބޮޑަށް ތެންކިއު” ޖިޔާ އައިސް އެނދުގައި އިށީނދެ ޒުހާގެ ގައިގާ ބައްދާލިއެވެ. ކުޑަކުޑަ ހިނދުކޮޅަކަށް އެދެބެންގެ މެދަށް ހަމަހިމޭންކަން ވެރިވެގެން ދިޔައެވެ. ޖިޔާއަށްވެސް ވީގޮތެއް ނޭނގުނެވެ. ކޮއްކޮގެ އޯގާތެރިކަމާއި އެކުވެރިކަމުން ދެލޯ ފެންކަޅިވެގެން ދިޔައީ އެނގުމަކާއި ނުލައެވެ. ޒުހާއަށްވެސް އޭނާގެ ދައްތަގެ އެކަނިވެރިކަން އިޙްސާސްވެގެން ދިޔައީ އޭނާގެ ވަށާލެވިފައިވާ ޖިޔާގެ ދެއަތް ބާރުކޮށްލުމުންނެވެ. ދެންވެސް އޯގާތެރިކަމާއިއެކު ޒުހާ، ޖިޔާގެ ބޮލުގައި ފިރުމާލައިފިއެވެ.

* * * *

“އާފް، ނާބެ ދެން ދަނީ އެނގޭ” ނާވީ އޭނާގެ ފޯނު ނަގާ ޖިންސުގެ ޖީބަށް ލަމުން ސިޓިން ރޫމުގައި ކުޅެން ހުރި ޒިޔާފުގެ ބޮލުގައި ފިރުމާލާފައި ބުންޏެވެ. އެއާއިއެކު ޒިޔާފު ނިކަން އަވަސް އަވަހަށް ބޯޖަހާލައިފިއެވެ. ހިނިތުންވެލި ނާވީ އެޕާޓްމެންޓުގެ ދޮރުން ނުކުތެވެ.

“ހާދަ ލަސްވީ” ގޭގެ ދޮރުމަތީ ސައިކަލުގައި އިން ޝާވިންނަށް ނާވީ ފެނުމާއިއެކު ބުންޏެވެ.

“އާނ! ފޯނު ނުފެނިގެން ގިނައިރުވީ” ނާވީ އޮޅުންފިލުވާ ދިނުމުގެ ގޮތުން ބުންޏެވެ.

ދެޒުވާނުން ސައިކަލުގައި އައިސް ޕާކިން ޒޯނަކަށް މަޑުކޮށްލާފައި ނާވީ ފޭބުމާއިއެކު ޝާވިން ސައިކަލު ޒޯނަށްވައްދާ ފާކުކޮށްލައިފިއެވެ. އަދި ދެޒުވާނުން އެކުގައި ހިނގައިގަތީ ފެންނަ ހިސާބުގައި ހުރި ޖޭޒް ކެފޭއަށެވެ. ޝާވިން ކުރީގައި ހުރެ ހިނގަމުން ދިޔައިރު އެއީ އެމީހުން އެތަނަށް އައި ފުރަތަމަ ފަހަރު ނޫންކަން އެނގެއެވެ.

“ޝާވިން، މިކޮޅަށް…” އެތެރޭގައި ހުރި މޭޒެއްގެ ދޮށުން ޒުވާނެއް ގޮވާލިއަޑު އިވުނެވެ. ކެފޭގެ މޭޒުތައްވަނީ މީހުންނާއިގެން ފުރިފައެވެ. ޒުވާން އަންހެން ގުރޫޕުތަކާއި ފިރިހެން ގުރޫޕުތަކެވެ. މާހައުލުގެ އަޑުގަދަވެފައި ކޮފީ އާއި ސިނގިރޭޓު ބުރިތައް ހުލިވަމުންދާ ވަސް ވަށައިގެން ދުވަމުންދިޔައެވެ. ޖޭޒް ކެފޭގެ އެތެރޭގައި ކަނަކަށްވާގޮތަށް ހުރި މޭޒުގައި ނާވީ އާއި އޭނާގެ ރަޙުމަތްތެރިޔާ ޝާވިން އިށީނެވެ.

“މިނޫންތަނެއް ނުލިބުނުތަ” ގަޔާކައިރިއަށް ދަމާލި ގޮނޑީގައި ޝާވިން އިށީންނަމުން ބުންޏެވެ.

“ކޮންކަމަކާތަ ހާސްވަނީ، ކޮފީ އޮތީ މައިސަމްގެ ޚަރަދުގައޭ” ހީނލާފައި އަޔާން ބުންޏެވެ.

“ޚަރަދު ކުރާނެ މީހަކު ނޭނގިގެންނެއްނޫނޭ، މީހުން މަދީ އަދިވެސް” ޝާވިން ވަށައިގެން ނަޒަރު ހިންގާލަމުން އެހެން ބުނީ ތަނުގައި މީހުން ގިނަވެގެންނެވެ.

“ކަމޯން ޝާވިން، އެހެން މީހުންނާ އަހަރުމެންނާ ކޮންކަމެއްތަ، އެމީހުން އަހަރުމެންދައްކާ ވާހަކައަކަށް ބެހޭނީއެއްވެސް ނޫން، މިތާ ތިބެ އަނގަތަޅާލާފަ ކޮފީ ބޯލައިގެން ދިޔައީމަ ނިމުނީނު، ކީކޭ ނާވީ” އަޔާން، ނާވީގެ ޚިޔާލަކަށް އެދުނުކަހަލައެވެ.

“ޝާވިންއަށް އެހާ ކަމަކުނުދާނެ މީހުން ގިނަވީމަ، އެކަން އެނގެއެންނު، ދެން މިތަނަށް އާދެވުނީތީ އަޔާން ބުނިހެން ކޮފީ ބޯލައިގެން ދޯ ނުކުންނާނީ” ނާވީ މަސްލަހަތަށްޓަކައި ވާހަކަދެއްކި ކަހަލައެވެ. މައިސަމް ހީނލާފައި ނާވީ އާއި އެއްބަސްވިއެވެ. އަދި އޭނާގެ ސްމާޓް ފޯނަށް އައު އެޕެއް އަޅައިގެން އޭގެ އިސްތިހާރު އެންމެނަށް ކުރަންފެށިއެވެ. ވެއިޓަރު އައީ ނާވީ އާއި ޝާވިން ހަމަޖެހިލިތަނާއެވެ. ހުރިހާ އެންމެންވެސް ގެންނަންބުނީ ކިރުކޮފީއެކެވެ.

“އޭތް! ކޮބާ އެއްކަލަ ކަންތައް، ކިހިނެއްވަނީ” ހަތަރުމީހުންގެ ތެރެއިން އެންމެ ދޫހަލުވި އަޔާން އަހާލިއެވެ.

“އާނ! މަވެސް އެހެންއަހަން ހިތަށް އަރައިގެން ހުރީ، މިއަދު އެއްގޮތަކަށްވެސް އެ އަންހެންކުއްޖާގެ ވާހަކައެއް ނާވީ ނުދައްކާ، އަނެއްކާ ކިހިނެއްވީ” ޝާވިންގެ ޝައުގުވެރިކަންވެސް ހުއްޓުނީ ނާވީއަށެވެ.

“މިހާރު ގޮސްފިންތަ އެއީ އަސްލު ކުއްޖެއްތޯ ބަލަން” މައިސަމްއަށްވެސް ވާހަކައިގައި ބައިވެރިނުވެއެއް ނީނދެވުނެވެ.

“އައި ތިންކް އައި ރިއަލީ ސްކެއަރޑް ހަރ” ނާވީ ރަޙުމަތްތެރިންގެ މޫނަށް ވަކިވަކިން ބަލާލާފައި މަޑުމަޑުން ބުންޏެވެ. އެހިނދު އެންމެންގެ މޫނުމަތިންވެސް ފެނިގެން ދިޔައީ ހައިރާންކަމެވެ. އެންމެން އެއްފަހަރާ ކަހަލަ ގޮތަކަށް އެއީ ކީއްވެތޯ ސުވާލުކުރިއެވެ. މަޑުމަޑުން ބަސްމަދުވެފައި އިރުކޮޅަކު އިނުމަށްފަހު ކަންހިނގައި ދިޔަ ގޮތް ނާވީ އޭނާގެ ރަޙުމަތްތެރިންނަށް ކިޔައިދިނެވެ. އަދި އޭނާއަށް މިހާރު މާބޮޑަށް އެ އަންހެން ކުއްޖާއި ދޭތެރޭ ވިސްނެނީ ކަމުގައިވެސް ބުންޏެވެ. އެ އަންހެން ކުއްޖާ އާއި ހެދި ވަރަށް ބޮޑަށް ނާވީއަށް އުނދަގޫވެފައިވާ ކަހަލައެވެ.

“އެހެންވާނެ، އަލަށް ހިތަށް ދިރުން އައީމަ އެފަދަ ކިތަންމެ އިޙުސާސެއް ކުރެވޭނެ” މިހެންބުނެ އަޔާން ހޭންފަށައިފިއެވެ.

“އެއީތެދެއް، އަންހެން ކުއްޖަކަށް ބަލާނުލަން ހުރި ނާވީގެ ދުވަސްހިނގެއްޖެ” ހެމުން ހެމުން ނާވީގެ ކޮނޑަށް އަތްވައްޓާލި ޝާވިންވެސް ބުންޏެވެ. މިވަނީ ކިހިނެއްކަން ނޭނގެނީ ހަމައެކަނި ނާވީއަށެވެ. އޭނާގެ މޫނުމަތީގައިވި ސުވާލުމާކަށް ޖަވާބުދިނީ މަޑުމަޑުން އިން މައިސަމްއެވެ.

“ޔޫ އަރ އިން ލަވް ނާވީ، އެކަމަކު އަހަރެން ހިތަށް އެރީ އެއްފަހަރު  ނަމަވެސް އެ އަންހެން ކުއްޖާ ނަންބުނެލާފައި ދިޔަ ނަމައޭ، އަހަރެންނަމަ އެ އަންހެން ކުއްޖާގެ އަތުގައި ހިފާނަން، ރުޔަސް ހުއްޓުވާފަ ނަންއަހާފަ ފޮނުވާލާނީ” މައިސަމް ވަރަށް ހިނިއައިސްފައި އިނދެ ބުންޏެވެ. ނާވީ ލުއިގޮތަށް ހީނލުން ފިޔަވާ އެއްވެސް އެއްޗެއް ނުބުންޏެވެ. ކުރިމަތީ ހުރި ކޮފީތަށި ނަގާ އޭގެން އެތިފޮދެއް ބޯލުމާއިއެކު ހުރިހާ ރަޙުމަތްތެރިން އެއްފަހަރާ އޭނާގެ ގައިގާ ތަޅައިގަތެވެ. މުޅިތަނަށް ހުނުމުގެ އަޑު ފެތުރިގެންދިއުމާއިއެކު ކައިރީގައި ތިބި މޭޒުތަކުންވެސް ނަޒަރުތައް އެމީހުންނާއި އަމާޒުވެގެން ދިޔައެވެ.

* * * *

ޒުހާގެ ނަޒަރު ކުޑަދޮރުކައިރީ ހުރި ޖިޔާއަށް ވަނީ ހުއްޓިފައެވެ. ތުނިކޮށް ވެހެމުން ދިޔަ ވާރޭގެތެރެއަށް ނަޒަރު ދޫކޮށްލައިގެން ހުރި ޖިޔާގެ ލޮލާއި ނިދިވަނީ މުޅިން ވަކިވެފައެވެ. ޕާކުގެ ތެރެއިން ދިމާވި ގޮތްނޭނގޭ މީހާގެ މަތިން ހަނދާންވުމާއިއެކު އަވަސް އަވަހަށް ދެފަރާތަށް ބޯހޫރާލާފައި ފަރުދާ ދަމާލަމުން ކުޑަދޮރު ނިވާކޮށްލައިފިއެވެ.

“ޖީ، ހުރިހާ ކަމެއްވެސް ރަނގަޅުތަ، އަހަރެން މަންމަ ގާތު ޖީގެ އެއްވެސް ވާހަކައެއް ނުދައްކާނަން، އައި ޕްރޮމިސް، ނިކަން ހުރިހާ ވާހަކައެއް އަހަންނަށް ކިޔާދީބަލަ” ޒުހާ އެނދުގެ މަގަތުން ޖިޔާއަށް ތަންދައްކަމުން ބުންޏެވެ. ޖިޔާ އައިސް އެނދުގައި އޮށޯވެ އޭނާގެ ގައިމަތިން ރަޖާގަނޑު ހެޔޮވަރު ކޮށްލުމާއިއެކު ޒުހާއަށް ކުރިމަތި ލިއެވެ. އަދި ބާލީހުގައި މޫނާ ގާތްވާގޮތަށް ބާއްވާލެވިފައި އޮތް ޒުހާގެ އަތްތިލާގައި ޖިޔާ ހިފާލިއެވެ.

“ހާދަ ފިންޏޭ ޖީގެ އަތް” ޒުހާ އަތްތިލަ ތަޅުވާލަމުން ބުންޏެވެ.

“ރިހާމާއިމެދު އަހަރެން އެއްވެސް ވަރަކަށް ހިތްހަމަ ނުޖެހޭ، އަނެއްކޮޅުން އަހަންނަކީ ވެސް އެހާ ރަނގަޅު މީހެއްނޫން، ހަޤީޤަތަކީ އަހަންނަށްވެސް ގޯސް ކަމެއް ކުރެވިއްޖެކަން، ޒޫކޮށްއަށް އެނގޭތަ، އަހަރެން ޕްރެގްވިޔަސް، ބޭބީގެ ބައްޕައަކީ ރިހާމެއްނޫން، ރިހާމު ހުރީ އަހަރުމެންނަށް ކުދިންނުލިބޭގޮތް ހަދާފަ، އައި މެޓް ސަމްވަންވަން އެލްސް… އެންޑް އައި ކާންޓް ހެލްޕް ފޯލިން އިން ލަވް ވިތް ހިމް… އެއީ މިސްޓޭކެއްކަމަށް ސިކުނޑި ހަދަން އުޅުނަސް މިހިތުން އަދިވެސް ލޯބިވޭ، ވަރަށް ބޮޑަށް ލޯބިވޭ، ހިތް ޤަބޫލު ކުރަނީ މީ ލޯބީގެ ހަދިޔާއެއްކަމުގަ…” ކޮޓަރީގެ ފަނޑުއަލިކަމުގެ ތެރެއިން ޖިޔާގެ ލޮލުން ކަރުނައިގެ އަސަރު ވިދާލިތަން ފެނުނެވެ. އެއާއިއެކު ޖިޔާ ދައްކަމުން ދިޔަ ވާހަކައިގެ ހަޤީޤަތް ދެނެގަންނާކަށް ޒުހާއަކަށް އުނދަގުލެއް ނުވިއެވެ.

ދެލޯ ފޮހެލަމުން މަގަތަށް އެނބުރުނު ޒީޝާ އަނެއްކާވެސް އަތުގައި އޮތް ފޮޓޯގަނޑަށް ބަލާލިއެވެ. އެ ދެލޮލުން ކަރުނައިގެ އަސަރު ފާޅުވަމުން ދިޔަނަމަވެސް އެލޮލުގައި ވަނީ ޝަކުވާއެވެ. ނިމުމެއްނެތް ޝަކުވާތަކެކެވެ. ހިތަށް ލިބެމުންދަނީ ޝިފާއެއްނެތް އަނިޔާއެކެވެ. ސިކުނޑީގައިވަނީ ނިމުމެއްނެތް ރުޅިވެރިކަމެވެ. ހަސަދަވެރިކަމެވެ. ދިރިއުޅުމުގައި ކުރިއަށް ދާނޭ މަގު ޒީޝާއަށް ބަންދުވެފައިވާކަހަލައެވެ. ޒީޝާ އޭނާގެ އަތުގައި އޮތް ފޮޓޯ ގަނޑުގެނެސް މޭގައި ޖައްސާލިއެވެ. ފެންނަފެނުމަށް ގިނަދުވަސްވެފައިވާ ފޮޓޯގަނޑެކެވެ. އޭގައިވަނީ އޭނާގެ ހިތް ޒަހަމްކޮށްލި ފަރާތެވެ. ލޯބިދަސްކޮށްދިން އިންސާނާގެ ސޫރައެވެ. މިއަދާއި ހަމައަށްވެސް ހަނދާނުގައި ބިންވަޅުނެގިފައިވި ޚާއްޞަ ޒުވާނާއެވެ. މީހެއްގެ ކުރިމަތީގައި އެނަން ފާޅު ނުކުރިޔަސް އޭނާގެ ހިތުގެ ދުލުން އެތަށްހާސް ފަހަރަކު އެނަމެއް ކިޔޭމެއެވެ.

“އެހުރިހާ ހާދިސާއަކަށްފަހުވެސް ހަނދާންނައްތާލަންވީތަ، ދުވަހަކުވެސް އަހަންނަށް އެލޯބި ނުލިބޭނެތަ” އަމިއްލަ ޟަމީރާ ވާހަކަދައްކާ ފަދަ ގޮތަކަށް ޒީޝާގެ ހިތް އަހާލިއެވެ. ނަމަވެސް އޭނާއަށް އެއްވެސް ޖަވާބެއް ނުލިބުނެވެ. ދެން ހިތަށް އެރީ މާލޭން ދިޔަގޮތަށް ދުވަހަކުވެސް ރާއްޖެނާދެވުނުނަމައެވެ. އަނެއްކޮޅުން ކޮއްކޮ ޖިޔާގެ ދިރިއުޅުން ބަރުބާދުވީތީ ޒީޝާ ހިތާހިތުން އުފާކުރިއެވެ. އޭނާ އެކަމާ ކުޑަވެސް ދެރައެއްނުވެއެވެ. އޭގެ ބަދަލުގައި ޖިޔާ ބަލިވެއިންކަން އެނގުމުންވެސް އޭނާގެ ރުޅިވީ ހައްތަހާ ގަދައެވެ.

ރޮއެ ރޮއެފައި އުޅުނު ޒީޝާއަށް ނިދުނީ ވަރަށް ދަންވިފަހުންނެވެ. ނިދީގެ ތެރޭގައި އަތުގައި އޮތް ފޮޓޯގަނޑު ކާޕެޓުމައްޗަށް ވެއްޓިފައި އޮތެވެ. އެއީ ޒަމާންވެފައިވާ ފޮޓޯގަނޑެއްކަމަކު އޭގައި ހުރި ސޫރަ ސާފުކޮށް ފެނެއެވެ. މިހާ ދުވަސްވަންދެން ޒީޝާ ފޮރުވައިގެން އުޅުނު އެ ފޮޓޯގައިވަނީ ރިހާމެވެ. އެއީ ރިހާމުގެ ޅައިރުގެ ފޮޓޮއެކެވެ. ނަމަވެސް އެ ފޮޓޯ ޒީޝާގެ އަތަށް އަންނަންވީ ސަބަބެއް ނޭނގެއެވެ. ނިދިފައި އޮތް ޒީޝާ ބާލީހުގައި ބައްދާލައިގެން އޮވެ އަނެއް ފަރާތަށް އެނބުރުނެވެ.

އަމިއްލަ ގެއަށް އައިފަހުން ޖިޔާއަށް ފަތިހަށް ހޭލެވެއެވެ. މިއަދުވެސް އިރުގެ ފުރަތަމަ ދޯދިން އުދަރެސް އަލިކޮށްލިއިރު ޖިޔާ އޮތީ ހޭލައެވެ. ނަމަވެސް އެނދުން ތެދުވާހިތެއް އޭނާ ނެތެވެ. ކަންނެތްގޮތަށް ބިއްދޮށަށް އެނބުރިލުމާއިއެކު ގަދަ ނިދީގައި އޮތް ޒުހާ އާއި ކުރިމަތިލެވުނެވެ. ރޭގައި ޖިޔާގެ ހުރިހާ ކަމެއް އެ ކޮއްކޮއަށްވަނީ ކިޔާދީފައެވެ. އޭނާ ބޭނުންވިގޮތަށް އެކޮއްކޮގެ ފަރާތުން ލިބުނީ އޯގާތެރިކަމާއި އެއްބާރުލުމެވެ. އޭނާގެ ލޯބި ކާމިޔާބުވުމަށް ޒުހާވެސް ބޭނުންވެއެވެ. އަނެއްކޮޅުން އެދެބެންނަށްވެސް ޒީޝާ ޖިޔާދެކެ ރުޅިއަންނަކަން ވަނީ ފާހަގަވެފައެވެ. ޖިޔާ ފެންނަ ހިސާބަށްވެސް ޒީޝާ އަންނަން ބޭނުންނުވާހެން ބައެއްފަހަރު އޭނާގެ ޢަމަލުތައް ހުންނަގޮތުން ހީވެއެވެ. އެކަމުގެ ސިއްރަކީ ކޮބައިކަންވެސް ޖިޔާ އާއި ޒުހާ އެނގެން ބޭނުންވެއެވެ.

“ރޭގަ ނާވީ ބޭރަށް ނުކުތިން ދޯ” ސައިބޯން ކާމޭޒުކައިރީ އިން ނުހާ އަހާލިއެވެ. އެއާއިއެކު ދޮގުހަދަން ނުކެރުނު ނާވީ މަޑުމަޑުން ހޫން ލައްވާލަމުން ބޯޖަހާލިއެވެ.

“މިހާ ވިއްސާރަ ދުވަސްކޮޅެއްގަ އަބަދާ އަބަދު ވާރެޔާތެމެންޏާ ރޯގާޖެހިދާނެ” އިރުކޮޅަކު އެއްޗެއް ނުބުނެ ހުރެފައި ނުހާ ބުންޏެވެ. އޭނާ ބޭނުންވީ ރޭގަ ވާރޭގެ ތެރޭގައި ނާވީ ބޭރަށް ދިޔަކަން އޭނާއަށް އެނގޭކަން އަންގާލުމެވެ. ދިޔައީ ކޮންތާކަށްތޯ އަހަން ބޭނުންވިޔަސް ނުހާ މަޑުކޮށްލީ ނާވީ އަމިއްލައަށް އެސުވާލަށް ޖަވާބު ދޭނެކަމުގެ އުންމީދުގައެވެ. ޖެހިޖެހިގެން ދެރޭ ވާރެއާއި ތެމިގެން ނާވީ ގެއަށް އަތުވެއްޖެއެވެ. ރޭގައިވެސް ނާވީ ބޭރަށް ނުކުތީ އެކެއްޖަހަނިކޮށްކަން ނުހާއަށް އެނގެއެވެ. ސިޓިން ރޫމުގައި ފިލްމެއް ބަލަން އިނދެފައި އޭނާވެސް ކޮޓަރިއަށް ވަނީ ބާރަގަނޑި ބައިވެ ދިޔަފަހުންނެވެ.

ނާވީ އަވަސް އަވަހަށް ރޮށިތަށި ކާލައިގެން އޭނާގެ ކޮޓަރިއަށް އައިސް ވަނެވެ. އިތުރަށް ނުހާ އާއި ކުރިމަތިލާން ބޭނުންނުވެފައި ހުރި ގޮތަކަށެވެ. ކޮޓަރިއަށް ވަދެވުމާއިއެކު އޭނާ ނުކުތީ ބެލްކަންޏެވެ. ކެތްތެރިކަން ކުޑަފައިވާ ފަދަ ނަޒަރަކުން ދުރުން ފެންނަން ހުރި ޕާކަށް އެނާ ބަލަހައްޓައިގެން ހުއްޓެވެ.

“ކީއްވެތަ ރޭގަ ނައީ، ވާރޭވެހޭ ކޮންމެ ރެއަކު އެގޮނޑީގައި އިންނަމުން، އަހަރެންގެ ސަބަބުންތަ ނައީ، އަހަރެން ބައްދަލުކުރަން ބޭނުން، ޕްލީޒް ގޯޑް، އަހަންނާ އޭނާ ބައްދަލުވާނީ ދެން ކޮންއިރަކުން، ވަރަށް ދެކިލާހިތްވޭ، ސީޒް ލައިކްއަ ފެއަރީ، ސޯ ޑެލިކެޓް އެންޑް އަންބިލީވިންގްލީ ބިއުޓިފުލް… ހެ ހެ ހެ… އަޔާންމެން އެންމެން ބުނީ ހަމަ ރަނގަޅަށް، އައި ތިންކް އައި ލަވް ހަރ” ނާވީ ބޮލުގައި އަތްހާކާލަމުން ލުއިގޮތަކަށް ހީނލިއެވެ. އޭރުވެސް ތުނިތުނިކޮށް ވާރޭވެހެމުން ދިޔައެވެ.

މެންދުރުވީއިރުވެސް ދުނިޔެމައްޗަށް ހޫނުކަމުގެ އަސަރެއްވެރިވުމުގެ ބަދަލުގައި ހީވަނީ ދުންފިނިފައިބާހެނެވެ. އުޑުމަތިއޮންނަނީ ކަޅު ބޯވިލާތަކުން ބައްދާލަފައެވެ. ދެންމެދެންމެ ވާރޭ އޮއްސާލަފާނެ ހެންނެވެ. ޒުހާ ގޭތެރޭގައި އޮތް ކުޑަ ހިފައިގެން ބެލްކަންޏަށް ނުކުމެ ހުޅުވާލިއެވެ. ވަރަށް ދެރައެވެ. ކުޑައިގެ އެއްދުނިގަނޑު އޮތީ ބިންދައިގެން ގޮސްފައެވެ.

“ކުޑައެއް ގަންނާނީ ދޯ” ބެލްކަންޏަށް ނުކުމެވެން ހުރި ދޮރުކައިރީ މަޑުކޮށްލައިގެން ހުރި ޖިޔާއަށް ޒުހާ ބުންޏެވެ. އެވަގުތު އެތަނަށް އައި ޝާކިރާއަށް ހަގުދެބެން ކުޑައެއް ހިފައިގެން އުޅޭތީ ފެނުނެވެ.

“ތީ ކޮންކަމެއް، ކީއްކުރާ ކުޑައެއް ހިފައިގެން ތިއުޅެނީ، އަނެއްކާ ބޭރަށް ދާންތަ” ޝާކިރާ، ޒުހާއަށް ބަލާލަމުން ބުންޏެވެ.

“އާނ! މަންމާ!، މިއުޅެނީ ބޭރަށް ނުކުމެލަންވެގެން، މިހާ އަރާމު ވެދާއެއްގަ އަބަދު ގޭގަތަ ހުންނަންވީ، އަދިވެސް ހިވަނީ ރަނގަޅަށް ހެދުނުނުވެ އޮންނަހެން، އަޅެ މިނޫން ކުޑައެއް ނޯންނާނެތަ މަންމާ، މީތި މިއޮތީ ހަލާކުވެފަ” ޒުހާ ވަރަށް ހަމަޖެހިލާފައި ބުންޏެވެ.

“އާނ! ނޯންނާނެ، ކޮންމެހެން ބޭރަށް ނުކުންނާނެ ކަމެއްނެތް” ޝާކިރާ މިހެން ބުނެ އެތާހުރި ޖިޔާއަށްވެސް ބަލާލިއެވެ.

“ދެން މަންމާ، ޕްލީޒް، ގިނައިރެއްނުވެ އަންނާނަމޭ، ދެން އަދި އެއްކަންތައް، ކުޑައެއްގަންނަން ބޭނުން” ޒުހާ އޭނާގެ އަތުގައި އޮތް ކުޑަ ލައްޕާލުމާއިއެކު ޝާކިރާގެ ގާތަށް އައިސް ކުސްތަޅާއުސޫލުން ވާހަކަދައްކަން ފެށިއެވެ. ޝާކިރާ އޭނާގެ މަސައްކަތް ކުރުމަށް އެތަނުން ދިއުމުންވެސް އޭނާގެ ފަހަތުން ޒުހާ ދިޔައެވެ. ޒުހާ އުޅޭގޮތް ފެނިފައި ޖިޔާގެ ގާތަށްވެސް ކުޑަކޮށް ހިނިއައެވެ. އެންމެފަހުން ބެލްކަނީގައި ޖިޔާ ހުއްޓާ ދުވަމުން އައި ޒުހާ އޭނާއަށް ނިކަން ބާރަށް ގޮވާލާފައި ދެއަތުގެ ބޮޑުވައި އިނގިލި އަރުވާލަމުން ދައްކާލީ ހެވިދިލިފައި ހުރެއެވެ. އަދި އަތުން އަވަހަށް އަންނާށޭ ބުނާ ފަދަ ގޮތަކަށް އިޝާރާތްކުރިއެވެ. ޖިޔާ ހިނިއައިސްފައި ހުރެ ޒުހާ އާއިއެކު ހިނގައިގަތެވެ.

ގޭކައިރީ ފިހާރަތައް ބަލަމުން ދަނިކޮށް ވިއްސާރަ ކުޑަވިއްކަން ހުރި ފިހާރައަކާއި ޖިޔާމެންނާއި ދިމާވިއެވެ. އެހެންނަމަވެސް ކަމުދާ ކަހަލަ ޑިޒައިނެއް ހުރި ކުޑައެއް ނެތެވެ.

“ކޮންމެ ކަހަލަގެ ޑިޒައިނެއް ހުރި ކުޑަޔަކަށްވިޔަސް ކުރާނީ ހަމަ އެއްބޭނުމެއް، ދެން މިތަނުން ހިނގާ ނަގަމާ، މީތި އޯކޭވާނެއެންނު” ގޮތެއް ނުނިންމިގެން އުޅުނު ޒުހާއަށް ކުޑައެއް ނަގާ ދިއްކޮށްލަމުން ޖިޔާ ބުންޏެވެ. ތުންކޮޅަށް ގޮތެއް ހަދާލަމުން ޒުހާ ބޯޖަހާލިއެވެ. ދެކުދިން ފިހާރައިން ނުކުމެ ކުޑަހުޅުވާލިއެވެ. ތުނިތުނިކޮށް ވެހެންމުން ދިޔަ ވާރޭގައި ނުތެމޭނެކަން އެނގޭއިރުވެސް ޒުހާ ބޭނުންވީ ކުޑަނަގައިގެން ހިނގާލާށެވެ. ނަމަވެސް ވަކި ހިސާބަކަށް ދެވުނުއިރު ވައިގެ އުނދަގުލާއި ހެދި ޒުހާއަށް ކުޑަ ހިފޭއްޓޭގޮތެއްނުވިއެވެ.

ވިއްސާރަ ދުވަހަކަށްވެފައި ޒުކަން އޭނާގެ ކާރު ދުއްވަމުން ދިޔައީ ވަރަށް ބަލައިގެންނެވެ. އިރުއިރުކޮޅާ ކާރުގެ ބިއްލޫރިގަނޑު ވިންޑްޝީލްޑް ވައިޕަރުން ފޮހެލައެވެ. ދުއްވަމުން އައިކާރު ދުވެލިމަޑުކުރާ ބަމްޕަރު މަތިން ދިއުމުގެ ކުރިން މަޑުކޮށްލަން ޖެހުނީ މަގު ހުރަސް ކުރި ދެ އަންހެން ކުދިންގެ ސަބަބުންނެވެ. ނަގައިގެން ތިބި ކުޑައިގެ ދަށުން އެކުދިންގެ މޫނު ނުފެނުނަސް، އިސްކޮޅުން ކުރުކޮށް ހުރި އަންހެއް ކުއްޖާ ދެން ހުރި އަންހެން ކުއްޖާއަތުން ކުޑަ އަތުލުމަށްފަހު ލައްޕާލިއެވެ. ޒުކަންގެ ސަމާލުކަން ކުރިމައްޗަށް އޮތް މަގަށްހުއްޓާލުމާއިއެކު ކާރު ދުއްވާލިއެވެ. އޮފީހަށް މުހިންމު ކަމަކު ދާން ޖެހިގެން އޭނާ އިނީ ވަރަށް ލަސްވެފައެވެ.

“މި ކުޑައަކާއި ހެދި އެހެންމީހުންނަށްވެސް އުނދަގޫވާވަރު ވޭ” ކުޑަލައްޕާލަމުން ޖިޔާ ބުންޏެވެ.

“އެމީހާ ނޫޅެއެންނު ލަސްވެގެން، އެހެންނޫންނަމަ ބަރުގޮނު އެޅީހެންނު، މިކަހަލަ ވިއްސާރަ ދުވަސްދުވަހު މިހެންވެސް ވާނެ” ޒުހާ މާބޮޑު ކަމަކަށް ނުހެދިއެވެ. ޖިޔާ ކުޑަލައްޕާލާފައި އެއްފަރާތަށް ކުޑަ ފޮޅާލަމުން ފަހަތަށް އެނބުރި އެމީހުން މަގުހުރަސް ކުރިއިރު އެތަނުގައި އޮތް ކާރުކޮބާތޯ ބަލާލިއެވެ. ނަމަވެސް ކާރު ގޮސް އޮބާލަނީއެވެ. ޖިޔާ، ޒުހާގެ އަތުގައި ހިފާ ދަމައިގަންނަމުން އެއްފަރާތަށް ގެނައެވެ.

“ކޮންތާކަށްތަ މިދަނީ، ޒޫކޮށް އަދިވެސް ނުބުނަމެންނު، އެއްޗެއް ގަންނަން އޮތިއްޔާ ދާނީ ފިހާރަތަށް ހުރި ދިމާލަށް، މިކޮޅަކަށް ނޫނެންނު” ޖިޔާ އެމީހުންގެ ކުރިއަށް އޮތް މަގާއި ދިމާލަށް ބަލާލާފައި ބުންޏެވެ.

“އަހަރެން ދާތަނަކަށް ޖީއަށް އަހަންނާއިއެކު ދެވިދާނެ އެންނު، ތިހާ ހާސްނުވެބަލަ، ހަމަޖެހިލާފަ ނިކަން މި ވެދާ އިންޖޮއިކޮށްލަބަލަ، ކިހާ ދުވަހެއް ފަހުންތަ އަހަރުމެން ދެމީހުންނަށް އެކުގައި ބޭރަށް މި ނުކުމެވުނީ، ނަސީބެންނު މަންމަ ރަނގަޅު މޫޑެއްގަ ހުރިކަންވެސް” ޒުހާ، ޖިޔާގެ އަތް އޭނާގެ އަތުން ނައްޓާލުމާއިއެކު އެއަތްނަގައި އޭނާގެ އަތުގައި އަޅުވާލަމުން ކުރިއަށް ހިނގައިގަތެވެ.

ކޮޓަރީގައި އޮތް ރަތްފިނިފެން މަލަށް ބަލަހައްޓައިގެން އިން ނާވީ އޭތި ނަގާ އަތުގެ ތެރެއަށް ލިއެވެ. އަދި މަޑުމަޑުން ފިޔަތަކާއި ކުޅެލިއެވެ. އޭނާގެ ތުންފަތަށް ލުއިލުއި ހިނިތުންވުމެއް ވެރިވެގެން ދިއުމާއިއެކު ހަނދާނަށް އައީ ރޭގައި އޭނާގެ ރަޙުމަތްތެރިން ދެއްކި ވާހަކައެވެ.

“ލޯބިވެވޭނީ ވަރަށް ހިތްވަރުގަދަ މީހުންނަށް، ވަރަށް ކެރެންވާނެ، ނާވީ، ލޯބިވިޔަސް އެކަން ހާމަ ނުކުރާހާ ހިނދަކު އެ އަންހެންކުއްޖާގެ ފަރާތުން ޖަވާބެއް ނުލިބޭނެ” އަޔާން ބުންޏެވެ.

“އެއީތެދެއް، ފިނޑިވެ ފަސްނުޖެހޭތި، މިރޭވެސް އަހަންނަށް ހީވަނީ މޫސުން މިގޮތަށް އޮތިއްޔާ ވާރޭ ވެހޭނެހެން، އެހާ ވާރެއާ ތެމޭހިތްވާ ކުއްޖެއްވިއްޔާ މިރޭވެސް އެތަނަށް އަންނާނެ އެންނު، ނާވީ ވާނެ ވަރަށް ތައްޔާރުވެގެން ހުންނަން” މައިސަމް ބުންޏެވެ.

“ބައްދަލުކުރަން ދާންވާނީ ކޮންމެވެސް އެއްޗެއް ހިފައިގެން، އެކަމަކު މިރޭ އެމަންޖެ ބިރުގަންނުވާ ނުލާތި، ފިލާއެއްނޫން ހުންނާނީކީ، ސީދާ ކުރިމަތިން ދިމާކުރަންވާނީ” ޝާވިން އޭނާގެ ޚިޔާލުވެސް ބުންޏެވެ.

“ފިނިފެންމަލެއް ރަނގަޅުވާނެ، ރެޑް ރޯސްއެއް ތިބުނާ ފަދަ ރީތިކުއްޖަކާ ވަރަށް ގުޅޭނެ، އެހެންނޫނަސް އާންމުކޮށް އަންހެން ކުދިންނަށް ވަރަށް ކަމުދާނެ ރަތް ފިނިފެންމާ” އަޔާން މިހެން ބުނެލިއިރު ހީވީ އޭނާގެ ތަޖުރިބާގެ އަލީގައި ބުނެލިހެންނެވެ.

ޚިޔާލުތަކުން ދުރަށް ޖެހިލި ނާވީ ލުއިގޮތަކަށް ހޭންފެށިއެވެ. އަދި އަތުގައި އޮތް ފިނިފެންމާ ގެނެސް ނޭފަތާ ކައިރިކޮށްލިއެވެ. ރޭގައި އޭނާގެ ރަޙުމަތްތެރިން ބުނިފަދައިން އެ ރަތްފިނިފެންމާ ހިފައިގެން އޭނާ އެ ޕާކަށް ދިޔައެވެ. އެ އަންހެންކުއްޖާއަށް ތިނެއްޖަހަންދެން އިންތިޒާރު ކުރީ ބޮޑުގަސް ފެންނަ ހިސާބުގައި ހުރި ހިލަގޮނޑީގައެވެ. ތެމެމުން ދިޔަ ފިނިފެންމަލުގެ ފިޔަތަށް ވާރޭގެ ތިކިތަށް ރޫޅާލަފާނެހެން ހީވުމުން ހިލަގޮނޑިމަތީ ބާއްވާލެވިފައި އޮތް މާނަގާ ގެއާއި ދިމާލަށް އެނބުރި ނާވީ ހިނގައިގަތީ މާޔޫސްވެ ހިތަށް ވޭން ލިބުނު ހާލުގައެވެ. އެހެންނަމަވެސް އޭނާގެ ރަޙުމަތްތެރިން ބުނި ބަހުގައި އޭނާ ހިފާއްޓަން ބޭނުންވިއެވެ. ލޯބި ކާމިޔާބު ކުރެވޭނީ ވަރަށް ހިތްވަރު ގަދަ ވެގެންނެވެ. މިއީ އޭނާގެ ލޯބީގެ ފެށުމެވެ. ވީއިރު އަދި ނިމެން ގާތްވެސް ނުވެއެވެ. ކުއްލިއަކަށް ހިތުގައި އާޖޯޝެއްގެ ވިންދުޖަހާލި ކަހަލައެވެ. ނާވީ ތެދުވެ ބޭރު ބަލާލިއެވެ. ވެހެމުންދިޔަ ތުނި ވާރޭ ބޯނުކުރާނެކަން ޔަގީންކޮށްލުމާއިއެކު އޭނާގެ އަތުގައި އޮތް ފިނިފެންމާ ކަރުދާސްގަނޑަކަށްލާ ނުފެންނާނޭހެން އޮޅާލުމާއިއެކު ކޮޓަރިން ނުކުތެވެ. ކުރާނެވަކި ކަމެއްވެސް ނެތުމާއިއެކު އޭނާ އަވަސް ފިޔަވަޅުގައި އެޕާޓްމެންޓުން ބޭރަށް ނުކުތެވެ. ނަސީބަކުން ފެންނަ ހިސާބުގައި މީހަކު ނެތެވެ.

މަގުގެ ދެކޮޅު ބަލާލާފައި ދުވެލާފައި މަގު ހުރަސްކޮށްލުމާއިއެކު ޕާކުގެ ކައިރިއަށް ދިޔައެވެ. އަވަހަށް ވަންނަން ވެގެން ޕާކުގެ ފާރުބުރި މަތިން އަނެއްފަރާތަށް ފުންމާލިއެވެ. ގަސްތަކުގެ ތެރެއިން ބޮޑުގަސް ހުރި ދިމާލަށް ދިޔައެވެ. އަދި އެ ގަސް ކައިރީ ހުރި ގޮނޑީގައި އިށީނދެ ވަށައިގެން ނަޒަރު ހިންގާލިއެވެ. ފަޒާގައިވަނީ ތެތްފިނިކަމާއިއެކު ފަތްތަކުގެ ފެހިވަސް ހަރުލާފައެވެ. ދުވާލުގެ އަލީގައި އެ ޕާކުގެ ރީތިކަން ވަކިން ފުރިހަމައޭ ނާވީގެ ހިތަށް އެރިއެވެ.

ހިތްހަމަނުޖެހުނަސް އެކަން ފާޅުކުރަން ނުކެރިފައި ހުރެ ޖިޔާ ހިނގަމުން ދިޔައީ ޒުހާ އާއި އެއްވަރަށެވެ. އެކިއެކި ވާހަކަތައް ދައްކަމުން ދިޔަ ޒުހާ، ޖިޔާގެ އަތުގައި ހިފައިގެން ވަނީ ހިޔާޕާކުގެ ތެރެއަށެވެ. ޖިޔާއަށް އޭނާގެ މޭގައި އަތްޖައްސާލެވުނީ ބާރަށް ތެޅެމުން ދިޔަ އޭނާގެ ހިތުގެ ހިނގުން ލަސްކޮށްލުމުގެ ބޭނުމުގައެވެ. ޒުހާ ދައްކާ އެއްވެސް ވާހަކައަކަށް ޖިޔާގެ ސަމާލުކަމެއް ނުދެވުނެވެ.

“ކޮބާތަ އެގަސް، އެންމެ ބޮޑުގަސް ކައިރި ދޯ އެއީ، ހާދަ ރީއްޗޭ ދޯ މިތަން، މި ނޫނީ އަދި ދުވަހަކުވެސް މިޕާކަށް ވަންނާކަށް ހިތަކަށް ނާރާ” ޒުހާ ހިނިއައިސްފައި ހުރެ ކުރިއަށްވުރެ ބޮޑަށް ޖިޔާގެ އަތުގައި ހިފާލިއެވެ.

ޕާކުގައި މީހުން ހިނގުމަށް ގާޖަހާފައި އޮތް ހިމަ މަގުން ލާފައި ދެބެން ކުރިއަށް އައެވެ. އިސްޖަހާލައިގެން ހުރެ ޖިޔާ، ޒުހާ އާއިއެކު ކުރިއަށް ދިޔައީ އިތުރަށް އެތަނުގެ މަންޒަރުތައް ފެނުމުން އޭނާގެ ހިތަށް ތަދުކުރުވާ ހަނދާންތައް އާވެގެން ދާނެތީއެވެ. ނަމަވެސް އިސްއުފުލާލަން ޖެހުނީ ޒުހާ ބުނި އެއްޗަކުންނެވެ.

“އޭނދީ ކާކު، އެ ބޮޑު ގަސް ކައިރީ ހުރި ގޮނޑީގަ އޭނދީ، އަނެއްކާ ޖީގެ ޕްރިންސް ޗާމިންތަ، ހޯދަން އައިސްކަންނޭނގެ އޭނީ” ވަރަށް ސިއްރު ސިއްރުން ސަމާސާ ގޮތަކަށް ޒުހާ މިހެން ބުނެލީ ޖިޔާގެ ކަންފަތާއި ގާތްވެލާފައެވެ. ޖިޔާ އަވަސް އަވަހަށް ބަލާލިއެވެ. އެއީ ހަމަ އެ ހިލަގޮނޑިއެވެ. ކުރިއަށް ފިޔަވަޅު އަޅަން އުނދަގޫވެފައި ހުއްޓެއް ކަމަކު ޖިޔާއަށް ބޭއިހްތިޔާރުގައި ކުރިއަށް ދެވުނެވެ. ޒުހާވެސް ޖިޔާއަށް ބަލާލަމުން އޭނާ އާއިއެކު ހިނގައިގަތެވެ. އޮޅިގެން ނަމަވެސް ޒުހާއަށް ބުނެވުނީ ތެދަށް ބާއޭ އޭނާގެ ހިތަށް އެވަގުތު އެރިއެވެ.

ޕާކުގެ ހިލަގޮނޑީގައި އިސްޖަހާލައިގެން އިން ޒުވާނާ އާއި އަށްވަރަކަށް ފިޔަވަޅު ދުރުގައި ކުއްލިއަކަށް ޖިޔާ ހުއްޓުނެވެ. ޒުހާގެ ހިނގުން ވެސް ހުއްޓުމާއިއެކު ޖިޔާ އަށާއި އެ ގޮނޑީގައި އިން ޒުވާނާ އާއި ދެމީހުންނަށް ވަކިވަކިން ބަލާލީއެވެ. އެވަގުތު އެ ޒުވާނާ ވެސް އެމީހުންނާއި ދިމާލަށް ބަލާލިއެވެ. ވަގުތުން ޖިޔާއަށް ޒުހާގެ އަތުގައި ހިފާއްޓާލެވުމާއިއެކު ބާރުކޮށްލެވުނެވެ. އޭނާ އަވަސްވެގަތީ އައިކޮޅަށް އެނބުރިދާށެވެ. ނަމަވެސް ޒުހާ ހުރީ އެ ޒުވާނާ ބަލަން އިން ގޮތުން ހައިރާންވެފައެވެ.

“ޒުހާ…” ޖިޔާ، ޒުހާގެ އަތަށް ދަމާލަމުން ގޮވާލިއެވެ. އެހިނދު ޒުހާވެސް ޖިޔާ އާއިއެކު އެނބުރުނީ އައިކޮޅަށް ދިއުމަށެވެ.

“ދަނީތަ، ޕްލީޒް، މަޑުކޮށްލަދެވޭކަށްނެއްތަ” ކުއްލިއަކަށް ގޮނޑީގައި އިން ނާވީ ތެދުވަމުން ބުންޏެވެ.

ނާވީގެ އަޑުއިވިފައި ޒުހާ މަޑުކޮށްލަމުން އޭނާއަށް ބަލާލިއެވެ. އަދި ނާވީގެ މޫނުމަތިން އެއްފަހަރާ އެތަކެއް ލިސާންތަކެއް ޒުހާއަށް ސިފަވެގެން ދިޔައެވެ. އޭގެ އިތުރުން ޒުހާގެ ހިތާ ސިކުނޑީގައި އެތަކެއް ސުވާލުތަކެއް ވެސް އުފެދިގެންދިޔައެވެ. ޖިޔާ ބޭނުންވާ ފަރާތަކީ އޭނާގެ ކުރިމަތީގައި ހުރި ޒުވާނާ ކަމުގައި ވާނަމަ، އޭނާ އާއި ދުރަށް ޖިޔާ ދާންވީ ކީއްވެގެންބާއޭ ޒުހާ ހިތަށްއަރަމުން ދިޔައެވެ. އޭރުވެސް ޖިޔާ، ޒުހާގެ އަތުގައި ހިފާ އޭނާ އާއިއެކު ދިއުމަށް ބުނަމުންދިޔައެވެ.

“އާނ! ދަނީ” ޒުހާ އޭނާގެ ކުރިމަތީ ހުރި ނާވީއަށް މިހެން ބުނުމުން ޖިޔާ ދެލޯ ބޮޑުކޮށްލައިފައި ޒުހާއަށް ބަލާލިއެވެ. އޭނާ އެކުރީ ކޮށްގެން ނުވާނޭ ކަމެއްކަން ޖިޔާގެ ދެ ލޮލުން އަންގާލި ކަހަލައެވެ.

“އަހަންނަށް… އަހަންނަށް ކިޔަނީ ނާވީ، ކޮންނަމެއްތަ ކިޔަނީ” ނާވީއަށް ކުޑަނަމަވެސް އުންމީދެއް ދިނީ ޒުހާއެވެ. އެހެންވެ ލިބުނު ފުރުޞަތުގެ ބޭނުން ވަގުތު ބޭކާރުނުކޮށް ހިފިއެވެ.

“އަހަންނަށް ކިޔަނީ ޒުހާ، މިހިރީ ޖިޔާ” ޒުހާ ހިނިތުންވެލަމުން ބުންޏެވެ. އޭނާއަށް ނާވީގެ މޫނުމަތިން ފެންނަމުންދިޔައީ ނާވީ، ޖިޔާ އާއިމެދު ޝައުގުވެރިވެފައިވާ މިންވަރެވެ. ނުބައި ނިޔަތެއްގައި ނާވީ އުޅޭނެއެކޭ ޒުހާގެ ހިތާއި ސިކުނޑި އެއްބަހެއްނުވިއެވެ. ޖިންސުގެ ޖީބަށް އެއްއަތްޖަހާލައިގެން ހުރި ނާވީގެ އަނެއްއަތުގައި ވަނީ އޮޅާލެވިފައި އޮތް ދިގު ކަރުދާސްގަނޑެކެވެ. ޒުހާ މަޑުކޮށްލައިގެން ހުރީ ނާވީ އެއްޗެއް ބުނާނޭ އިރަކަށެވެ. މަދުވަގުތުކޮޅަކަށް ނަމަވެސް ފަޒާގައި “ޒޫން” އަޑު ލައްވަމުން ދިޔަ ވައިރޯޅިތަކުގެ އަޑު އެ ދެމެދަށް ވެރިވެގެން ދިޔައެވެ.

“ވާހަކަދައްކާލަން މަޑުކޮށްލެވޭކަށް ނެތްތަ” ހަމަހިމޭން ވަގުތުކޮޅަކަށްފަހު ނާވީ މިހެން ބުނިއިރު ހީވަނީ އޭނާގެ ކަށިން ހިތްވަރު ނެރެމުން ބުނެލިހެންނެވެ. މީހާ ހުރީ އެހާވެސް ހާސްވެފައި ހުރި ގޮތަކަށެވެ.

“ޖީ، ހިނގާ މަޑުކޮށްލަމާ” ޒުހާ ހިނިތުންވެލުމާއިއެކު ޖިޔާއަށް ބަލާލާފައި ބުންޏެވެ.

“ނުދަންނަ މީހުންނާ ކީއްކުރަންތަ ވާހަކަދައްކަނީ، ހިނގާ ގެއަށްދާން، މިހާރު ލަސްވެގެން މަންމަ ހޯދާނެ” ޖިޔާ، ނާވީއަށް ދެ ލޯ އަޅާލަމުން ޒުހާއަށް ބުންޏެވެ. ނަމަވެސް ޒުހާ ބޭނުންވީ ނާވީ ބުނާއެއްޗެއް އަޑުއަހާލާށެވެ.

“އޯ ކަމޯން ޖީ، ތިހާ ޑްރެމެޓިކް ނުވެބަލަ، އޭނާ އާއި ވާހަކަދައްކާލުމަކުން ޖީއަށް ލިބޭނެ ގެއްލުމެއް ނެތެންނު، އެހެންނޫނަސް ނުދަންނަ މީހުންނާއި ވާހަކަނުދައްކާށޭ ތިބުނަނީ ހަމަ ޖީތަ، އާފްޓަރ އެވްރީތިންގ ހެޕެން ވިތް އަ ސްޓްރޭންޖަރ” ޒުހާ، ޖިޔާގެ ކަންފަތާއި ކައިރިވެލަމުން ސިއްރު ގޮތަކަށް ވައިއަޑުން ބުނެލިއެވެ. އެއާއިއެކު ޖިޔާ ވަގުތުން ހަމަހިމޭންވެ އިސްޖެހިއްޖެއެވެ. ޒުހާ ބުނި ލަފުޒުތަކުގައި ފޮރުވިފައި އެވަނީ ކީކޭކަން ޖިޔާއަށް އެނގުނީއެވެ. ޖިޔާއަށް އެވަގުތު ލަދުވެތިކަމާއި ހިތްދަތިކަން އިޙްސާސްވެގެން ދިޔައެވެ. އަމިއްލަ ނަފްސަށް މަލާމާތްރައްދުވި ކަހަލައެވެ.

“އަންނަންވީނު މިތާ ގޮނޑީގައި އިށީނދެލަން، އެނގޭތަ، އަދި އެއްފަހަރު ދިމާވާނެނަމައޭ ހިތަށް އަރާފަހުރީ، ކުރެވުނު އުންމީދެއްގެ ބޮޑުކަމުން މިތަނަށް އާދެވުނީ ވެސް، އަހަރެން ބޭނުން ރަޙުމަތްތެރިއަކަށް ވާން، އެކަމަކު އޭގެ ކުރިން އެ ފުރުޞަތު އެބަ އޮތްތޯ އަހާލާހިތްވޭ” ނާވީގެ މަޑުމައިތިރި ކަމާއިއެކު ލުއިގޮތަކަށް ހިނިއައިސްފައި އިނދެގެން ވާހަކަދެއްކިއެވެ.

“އޯ! ތިކަމާ ޖެހޭނީ އަދި ވިސްނާލަން” ޒުހާ، ނާވީ އިށިން ގޮނޑީގައި އިށީންނަމުން ބުންޏެވެ. އޭރުވެސް ޖިޔާ ހުރީ އިށީންނަން ބޭނުންނުވެފައި ޒުހާ ގާތު އެއްފަރާތެއްގައި މަޑުކޮށްލައިގެންނެވެ. ނާވީ ވާހަކަދައްކަނީ ޒުހާ އާއި ކަމަކު އޭނާގެ ވާހަކަތައް އަމާޒުވެފައި ހުރީ ޖިޔާއަށްކަން ޚުދު ޒުހާއަށްވެސް އެނގެއެވެ. އެހެންނަމަވެސް ނާވީގެ ވާހަކައިގައި ޒުހާ ބައިވެރިވަމުންދިޔައެވެ.

“ދެން ބައްދަލުވާނޭ ގޮތެއް އޮންނާނެތަ، އޭރުންތާ އަހަންނަކީ ކޮންކަހަލަ މީހެއްކަން އެނގޭނީ” ނާވީ، ކޮޅަށް ހުރި ޖިޔާއަށް ބަލައިލާފައި ޒުހާއަށް ހީނލަމުން ބުންޏެވެ.

“ނާވީ އާއި ބެހޭގޮތުން އަހަރުމެންނަށް އެނގުން މުހިންމުތަ، އަހަރުމެން އަލުން ބައްދަލުކުރަނީ ވެސް ކީއްކުރަން” ޒުހާ، ނާވީ ބޭނުންވާގޮތަށް ކަންތައްނުކުރާނެކަން އަންގާލަން ބޭނުންވީ އެކަމާ އޭނާ ދެން ބުނަނީ ކީކޭތޯ އެނގުމުގެ ގޮތުންނެވެ.

“ކުއްލިއަކަށް ފެނުނީމަ އެކަކު އަނެކަކު ނޭނގޭނެ، އިތުބާރުކުރާކަށްވެސް ނޭނގޭނެ، ކޮންމެވެސް ވަރެއްގެ އިތުބާރެއް އޮވެގެންތާ ރަޙުމަތްތެރިކަމުގެ ބިންގާ އެޅޭނީވެސް، އެއްވެސް ވަރަކަށް މުޢާމަލާތެއް ނުހިނގާ ކިހިނެއް ގުޅުމެއް އުފައްދާނީ، ނޫންތަ ޒުހާ” ނާވީ ބުނެލިއެވެ.

ޖިޔާގެ މޫނުމަތިން އިންތިހާ ދަރަޖައިގެ ފޫހިކަން ނާވީއަށް ފެނުނެވެ. އެއްވެސް ވަރަކަށް ޖިޔާ އެތަނުގައި މަޑުކުރާކަށް ބޭނުމެއްނުވިއެވެ. ނާވީގެ އަޑުވެސް ނީވޭ ހިސާބަށް އޭނާ ދާންބޭނުންވިއެވެ. މެދުހަށީގައި ދެއަތްހުރަސްކޮށްލައިގެން ހުރި ޖިޔާ ކުއްލިއަކަށް ދެއަތް ދޫކޮށްލުމާއިއެކު ޒުހާގެ ކޮނޑުގައި ޖަހާލިއެވެ.

“ޒުހާ އިންނަން ބޭނުންވަންޏާ މިތަނުގަ އިނދޭ، އަހަރެން މިދަނީ ގެއަށް” ޖިޔާ ހަރުކަށިގޮތަކަށް މިހެން ބުނެލަމުން ޒުހާމެންނަށް ފުރަގަސް ދީ ހިނގައިގަތެވެ. އެއާއިއެކު ޒުހާއަށްވެސް ވަގުތުން ތެދުވެވުނެވެ.

“ޒުހާ… ދެން ބައްދަލުވާނީ ކޮންއިރަކުން…” ނާވީ ވެސް ކުއްލިއަކަށް ތެދުވުމާއިއެކު ޒުހާ ދިއުމުގެ ކުރިން އަހާލިއެވެ.

“އަދި ނޭނގެ… ދެން ދަނީ އެނގޭ” ޒުހާ އަވަސް އަރުވާލާފައި މިހެން ބުނެ ޖިޔާގެ ފަހަތުން ދިއުމަށް ހިނގައިގަތެވެ.

“އަދި މަޑުކޮށްލަބަލަ، ޕްލީޒް ޒުހާ، އަދި މީޓްވާން ބޭނުން، ނޫނީ އަހަންނަށް ގުޅޭނޭ ގޮތެއް ހަދައިދީ… ޕްލީޒް….” ނާވީ އާދޭހުގެ ގޮތަކަށް ބުނެލިއެވެ.

“އޯކޭ… ކޯލް، ސެވެން ސެވެން، ޓޫ ސެވެން…” ޒުހާ ފަހަތަށް ފަހަތަށް ދަމުން ތަންކޮޅެއް ބާރަށް ނާވީއަށް އޭނާގެ ނަންބަރު ކިޔައިދިނެވެ. ހިނިއައިސްފައި ހުރި ނާވީ އޭނާގެ އައިނު ރަނގަޅުކޮށްލަމުން ޒުހާގެ ފަހަތުން ހިނގައިގަތީ އޭނާ ކިޔައިދެމުން ދިޔަ ނަންބަރުތައް ސިކުނޑީގައި ބިންވަޅުނެގޭނޭ ފަދަ ސަމާލުކަމެއް ދީގެން ހުރެއެވެ. ނަންބަރު ކިޔައިދިން ޒުހާ، ޖިޔާ އާއި ދިޔަދިމާލެއް ބަލާލުމަށް އެނބުރުނު ވަގުތު އަނެއްކާވެސް ނާވީ ގޮވާލައިފިއެވެ.

“މީތި ގެންގޮސްދޭންވީނު” ޒުހާގެ ފަހަތުން މަޑުމަޑުން ދުވެލާފައި އައި ނާވީ އޭނާގެ އަތުގައި އޮތް ކަރުދާސްގަނޑުގެ ތެރެއިން ނެގި ރަތްފިނިފެންމާ ޒުހާއަށް ދިއްކޮށްލިއެވެ.

“އޯ! ހެ ހެ ހެ” ޒުހާ އެ މަލުގައި ހިފަމުން މިހެން ބުނެ ނާވީއަށް ބަލާލާފައި ނިކަން ބާރަށް ހޭންފެށިއެވެ. އަދި އޭނާވެސް ދުއްވައިގަތީ ބާރަށް ހިނގާއި އައިސް ޕާކުގެ ދޮރުން ނުކުންނަން އުޅުނު ޖިޔާ އާއި އެއްވަރު ކުރުމަށެވެ. އެ މަންޒަރު ބަލަން ހިނިއައިސްފައި ހުރި ނާވީ އޭނާގެ އަތުގައި އޮތް ކަރުދާސްގަނޑާއިއެކު ޖިންސުގެ ޖީބަށް އަތްޖަހާލުމާއިއެކު ދެކޮނޑު އަރުވާލިއެވެ. އަދި ހިތްފުރިގެން ދިޔަފަދަ ދިގު ނޭވާއެއް އެތެރެހައްޓަށް ދަމާލުމާއިއެކު މަޑުމަޑުން ބޭރުކޮށްލިއެވެ.

“ޖީ….ޖީ… މަޑުކޮށްބަލަ، ޕްލީޒް ޖީ، ނުހުރެ މިއައީނު” ޒުހާ ދުވަމުން އައިސް ޖިޔާ އާއި އެއްވަރުކުރިއެވެ. ހިތްހަމަނުޖެހިފައި ހުރެ ޖިޔާ ހިނގުން މަޑުކޮށްލިއެވެ. އޭނާގެ ލޮލުގައި ދެން އަޅައިގަތީ ޒުހާގެ އަތުގައި އޮތް ފިނިފެންމަލެވެ. ނަމަވެސް ވަގުތުން ނުފެންނަކަމަށް ހަދާލަމުން ކުރިއަށް ބަލަހައްޓައިގެން ހުރެ ދިޔައެވެ.

“ކިހިނެއްވީ، ޖީގެ ކަރަށް ނާރެއް އެރީތަ” ސަމާސާ ރާގެއްގައި ޒުހާ ބުންޏެވެ.

“އަހަންނަށް އެނގޭ އަހަންނަށް ކުރެވުނީ ރަނގަޅުކަމެއްނޫންކަން، އިރާދަކުރެއްވިއްޔާ ދެން އެފަދަކަމެއް ތަކުރާރެއްނުވާނެ، އެކަމަކު ޒުހާ ކީއްކުރަން އެމީހާ އާއި ވާހަކަދެއްކީ، ކީއްކުރަން އޭނާ ދޭ އެއްޗެހީގައި ހިފީ” ޖިޔާ ހިތްހަމަނުޖެހިފައި ވާހަކަދެއްކިއެވެ.

“ޖިޔާ، ހަމަޖެހިބަލަ، އޭރު އެހެން ބުނީ އެއްވެސް ވަރަކަށް ޖީ ދެރަކުރާކަށް ނޫން، އެއީ ކާކުކަމެއް އަހަންނަށް އަދިވެސް ބުނެއެއް ނުދެމެންނު، އޭނާ ޖީ އާއި ވާހަކަދައްކަން ބޭނުންވެފަ ހުރިވަރު އަހަންނަށް ފެނުނު، އޭނާ ނޫޅޭ ދޯ ގަދަކަމުން ޖީ ހިތްހަމަނުޖެހޭ ކަމެއް ކުރާކަށް، އަނެއްކާ އެހާ ގޯސްމީހެއްވައްތަރެއް ނުޖަހާ، ދެންވެސް އަހަންނަށް ކިޔާދީބަލަ، އެއީ ކާކުތަ، އެއީތަ ޖީ ހޯދާ މީހަކީ، އެކަމަކު މީހަރު ހީވަނީ އެއީ އަދި އެހެންމީހެއްހެން، ހިތްބުނަނީ އަދި އެއީކީ ނޫނޭ ޖީ ބޭނުންވެގެން ތިއުޅޭ މީހަކީ” ޒުހާ، ޖިޔާގެ އަތުގައި ހިފާ ގާތްކޮށްލަމުން ބުންޏެވެ.

“އޭނާ އަހަންނަށް ފާރަލީ، އެރޭ ޕާކުގައި އަހަރެން ހީކުރީ އަހަރެން އެކަނިކަމަށް ހުރީ، އެކަމަކު މުޅިއަކުން އެހެނެއްނުވި، އެބޮޑު ގަސްކައިރީ ފިލާ ހުރެފައި ނުކުތީ އެމީހާ، އަހަންނަށް އެރޭ ފުރަތަމަވެސް ހީކުރެވުނީ އަހަރެން މި ހޯދާ ޒުވާނާކަމުގައި، އޭނާގެ ގާތަށްވެސް ދެވުނު، ހީކުރީ ކަންނޭނގެ އަހަރެން އޭނާގެ ގާތަށް ދިޔައީ، އޭނާ އާއި ވާހަކަދައްކާ ހިތުންނޭ، ވަރަށް ފޫހިވޭ، އަހަރެން ބޭނުމެއްނޫން ކޮންމެހެން އޭނާ އާއި ބައްދަލުކުރާކަށް، އަދި އަހައިފިޔޭ ރަޙުމަތްތެރި ވެވިދާނެހޭ، ހާދަ ފޫއްސެކޭވީ” ޖިޔާގެ ވާހަކަ ހުރިގޮތުން ޒުހާ ހަމަ ހައިރާންވިއެވެ. ނާވީ، ޖިޔާ އާއި ގާތްވާން ބޭނުންވުން އެއީ ޖިޔާ އެހާހިތްހަމަ ނުޖެހެންވީ ސަބަބެއް ކަމުގައި ޒުހާއަށް ނުވިސްނުނީއެވެ.

“ހޫނ! ދެން ތިހެންވިޔަސް، މި މަލެއް އެއްލައެއްނުލެވޭނެ، އަދި އެވެސް ފިނިފެންމަލެއްވީމަ، އެހެން ކަހަލަ މަލެއްނަމަ ޖީ ތިހާ ފޫހިވާތީވެސް އެއްލާލީމުސް” ޒުހާ، ޖިޔާގެ ހިތްހަމަޖެހޭނޭފަދަ ގޮތަކަށް ބުނެލިއެވެ.

* * * *

“ހާދަ ލަހަކުން ތިއައީ” ގޭތެރެއަށް ވަދެގެން އައި ޒުކަން ފެނި އިބާ ބުންޏެވެ. ހީވީ އޭނާގެ އިންތިޒާރުގައި އިބާ އިންހެނެވެ.

“އާނ! ހީކުރިވަރަށްވުރެ ލަހުން ދިޔަކަންތައް ނިމުނީ، އަހަންނަށް ހީވަނީ ވަރަށް އަވަހަށް އަހަރެން ފުރަން ޖެހޭނެހެން، ހާނިމާއި ބުޝްރީވެސް ދާނެ އަހަންނާއިއެކު” އިތުރަށް ސުވާލެއްކޮށްފާނެހެން ހީވާތީ ޒުކަން ފުރަން އުޅޭ ވާހަކަ ބުނީ ވަރަށް ތަފްޞީލުކޮށެވެ. ޒުކަން އެކަނި ރާއްޖޭން ބޭރަށް ދިއުމަކީ އެއްވެސް އިރެއްގައި އިބާ އެހާ ޤަބޫލުކަމެއްނޫނެވެ. ދަނީކޮންބައެއްކަން ބުނަންޖެހުނީވެސް އެހެންވެއެވެ.

“އަސްލުވެސްތަ، ކޮންއިރަކުން ފުރަނީ، ދުވަހެއް ކަނޑައެޅީތަ، ކޮންތާކަށް ދަނީ”  އިބާގެ ހިތުގައި އުތުރިގަތް ސުވާލުތައް ދުލުން ބޭރުކޮށްލީ ވަރަށް ސީރިއަސްވެފައި އިނދެއެވެ.

“ވިހީގައި ފުރާގޮތަށް، ބުޝްރީ ޓިކެޓުގެކަންތައް ހަމަޖައްސަން ގޮސްވީ، އެހާ ބައިވަރު އެއްޗިއްސެއް ބޭނުމެއްނުވާނެ، ތިންދުވަހަށް ދަނީ، އިންވެސްޓަރުންނާއިއެކު ކޮންމެހެންވެސް ބައްދަލުކުރަން ޖެހިގެން” ޒުކަން އޭނާގެ ކޮޓަރި އާއި ދިމާލަށް ހިނގައިގަންނަމުން ބުންޏެވެ. އިބާ ވެސް އޭނާގެ ފަހަތުން އަވަސް އަވަހަށް އައިސް ކޮޓަރި ކޮޓަރިއަށް ވަނެވެ.

“އަހަރެން ހާދަ ފޫހިވާނެޔޭ ޒުކަން ފުރީމަ” އިބާ އައިސް އެނދުގައި އީށީންނަމުން ބުންޏެވެ. އޭރު ޒުކަން ކޮޓަރީގައި ހުރި ލިޔާމޭޒުމަތީ އޮތް ފައިލު ނަގައިގެން އޭގެން ކޮންމެވެސް އެއްޗެއް ހޯދަނީއެވެ. އޭނާއަށް އިބާ ދައްކާވާހަކަ އަޑުއިވެއެވެ. އޭނާ ތަނަކަށް ފުރާނަމަ އެއީ އިބާގެ އާދަކަންވެސް އޭނާއަށް އެނގެއެވެ.

“އިބާ ފޫހިވާނެ ވަގުތުލިބޭނެ ހެނެއް އަހަންނަކަށް ހިޔެއްނުވޭ، އެހެންނޫނަސް އެންމެ ތިންދުވަހަށް މިދަނީ” ޒުކަން ބުންޏެވެ.

“ދެން އެހެންވިޔަސް ހެޔޮ، އެންމެ ދުވަހެއް ވެސް ޒުކަން ނުފެނި އުޅެންވެއްޖެއްޔާ އަހަރެން ވަރަށް ފޫހިވާނެ” އިބާ އެނދުމަތީ އިނދެފައި އެއްފައި މައްޗަށް އަނެއްފައި އަރުވާލަމުން ބުނެލިއެވެ. އޭނާގެ މޫނުމަތިންފެންނަ ކުލަވަރުތަކުން ހީވަނީ ޒުކަން ފުރަން އޭނާ ބޭނުންނުވާހެންނެވެ. އެކަމަކު އެމީހުންގެ ދިރިއުޅުމުގެ ތަނަވަސްކަން ބަރޯސާވެފައި މުޅިންހެން އޮތީ ޒުކަންގެ ވިޔަފާރިއަށެވެ. ވީމާ އެކަމަށް ސީދާ ހުރަސްއަޅަން އިބާ ވެސް ބޭނުމެއްނުވެއެވެ. އެއްޗެއް ނުބުނެ އިރުކޮޅަކު އިނުމަށްފަހު އޭނާގެ ލޮލުގައި އަޅައިގަތީ ސައިޑް ޓޭބަލް މަތީ ބަހައްޓާފައި ހުރި ކަލަންޑަރެވެ. އޭގައިވާ މަންޒަރު ފެނުމާއިއެކު އިބާގެ ސިކުނޑިއަށް ޚިޔާލެއް ވަނެވެ. ތުންފަތަށް ވެރިވެގެން ދިޔަ ލުއި ހިނިތުންވުމާއިއެކު ޒުކަންއަށް ބަލާލިއެވެ.

“ތި ދަތުރު ނިންމާލާފަ ހިނގާ އަހަރުމެން ޗުއްޓީއެއް ހަދާލަމާ، އަހަރުގެ މިހާތަނުގަ ކިހާ މަޖާވާނެ، ނިއު އިޔާވެސް އަންނަނީ އެންނު” މިހެންބުނެ އިބާ ތެދުވެ ޒުކަންގެ ގާތަށް ހިނގައިގަތެވެ.

“އިބާތަ ޗުއްޓީ ބޭނުންވެގެން ތިއުޅެނީ، އަހަންނަށް ތިބުނި އެއްޗެއް ނުވިސްނުނު، އޭރުން އިބާގެ އޮފީހޯ، އިބާގެ މަސައްކަތްތަކޯ” ޒުކަން ހައިރާންވެފައި މިހެން ބުނަމުން އިބާއަށް ބަލަންހުއްޓެވެ. އިބާ އާއިއެކު ވަގުތުހޭދަކުރުމަށްޓަކައި އޭނާ މިހާތަނަށް ކުރި މަސައްކަތްވަނީ ބޭކާރުވެފައެވެ. ވީއިރު މިހާރު އިބާ އޭނާ އާއިއެކު ޗުއްޓީ ހޭދަކުރަން ބޭނުންވީ ކީއްވެބާއޭ ސުވާލު އުފެދެއެވެ.

“ޒުކަން ހީކުރަނީ އަހަރެން އެއްގޮތަކަށްވެސް ނުވިސްނައޭ އަހަރުމެންގެ ދިރިއުޅުމާއިމެދު، އަހަރެން އަދިވެސް އެންމެ ލޯބިވާ މީހަކީ ތީ …..އަހަރެންގެ ފިރިމީހާ، އޮފީހުގައި ކިތަންމެ ބުރަކޮށް އުޅެފައި ގެއަށް އަޔަސް، ޒުކަންގެ މޫނު ފެނުނީމަ އަހަރެންގެ ސްޓރެސް އާއި ޓެންޝަންތައް ފިލައިގެން ދޭ، އެކަމަކު އަހަންނަށް ވެސް އެނގޭ، އަހަންނަށް ޒުކަން ބޭނުންވާ ގޮތަށް ސަމާލުކަމެއް ނުދެވޭކަން، އެހެންވެ އެންނު މިބުނީ ހިނގާށޭ އަހަރުމެން ދެމީހުން ޗުއްޓީއެއް ނަގަން، ދެވަނަ ފަހަރަށް ހަނީމޫނު ހަދާލުން މާބޮޑަށްވެސް ރަނގަޅުވާނެ، ވީ ނީޑްއަށް ބްރޭކް، ނޫންތަ” އިބާ އައިސް ޒުކަންގެ ދާދިގާތުގައި މަޑުކޮށްލަމުން ބުންޏެވެ. އަދި ޒުކަންގެ އުނަގަނޑުގައި ދެއަތްއަޅުވާލާފައި އޭނާގެ ކަނދުރާގައި އިބާ ބޮސްދިނެވެ. ހައިރާންވެފައި ޒުކަންއަށް ހުރެވުނީ އޭނާ ދެން ހަދަންވީ ކިހިނެއްކަން ނޭނގިފައެވެ. އިބާއަށް ބަދަލުތަކެއް އަންނަކަން އޭނާއަށް ފާހަގަކުރެވުނެވެ. އިތުރަށް ޖަދަލު ކުރުމަކީ އެއްވެސް ވަރަކަށް ޒުކަން ބޭނުންވާ ގޮތެއް ނޫނެވެ. ޚުދު އޭނާވެސް އިބާދެކެ ލޯބިވެއެވެ. އެ ދިރިއުޅުމުގައި ދެމިހުންނަން ބޭނުންވެއެވެ. އެހެންއެކަން އޮތްއިރު އޭނާވެސް އެ ދެމެދުގައިވާ ގުޅުން ބަދަހި ކުރުމަށް ކުރެވެން އޮތް ކަމެއްވިއްޔާ ކުރަން ބޭނުމެވެ.

“ކީއްވެތަ އެއްޗެއް ނުބުނީ، މިދިން ޚިޔާލު ގޯހީތަ” ޒުކަން އެއްޗެއް ނުބުނެ ހުންނަން ފެށުމުން އިބާ އަހާލިއެވެ.

“އުހުނ! މި ދަތުރު ނިންމާލާފަ އައިސް ތިކަމާ ވާހަކަދައްކާނީ ދޯ، އެގޮތް އެންމެ ރަނގަޅުތަ” ޒުކަން އެއްއަތުން އިބާގެ އުނަގަނޑުގައި ހިފާއްޓާލަމުން ބުންޏެވެ. އެގޮތް އިބާއަށް ވެސް ކަމުދިޔައެވެ. އޭނާ ޒުކަން ފުރަންވާއިރަށް ބޭނުންވަނީ ކޮންކަމެއްތޯ އޮޅުން ފިލުވާ އެކަންތައްތަކަށް ތައްޔާރުވާން ފެށިއެވެ.

* * * *

ސޯފާގައި ހަށިގަނޑު ދަމާލައިގެން ތުނބުން ރީތިލަވައެއްގެ ރާގު ފުމެމުން ދިޔަ ނާވީ އިނީ މުޅިން އޭނާގެ އަމިއްލަ ޚިޔާލީ ދުނިޔެއަކަށް ގެއްލިފައެވެ. ތުންފަތަށް ހިނިތުންވުމެއްވެރިކުރުވީ ޖިޔާ ރުޅިއައިސްގެން ބަލާލި ގޮތް ލޯކުރިމަތީ ސިފަކުރެވިގެން ދިއުމުންނެވެ. އެ ބަލާލުމުގައި ހުރި ތޫނުކަމެވެ. ޖިޔާގެ ކޮންމެ ހަރަކާތެއްގައިވަނީ ފޫހިކަމާއި ރުޅިވެރިކަން ނަމަވެސް، ނާވީގެ ހިތް އެ ހަރަކާތްތައް ބަލައިގަތީ މުޅިން އެހެން މާނައެއްގައެވެ. އޭނާއަށް ޖިޔާގެ ރުޅިވެހި މޫނުމަތިން ހިތާމަ އާއި އެކަނިވެރިކަން އިޙްސާސް ކުރެވުނެވެ. ދުވާލުގެ އަލިކަމުގައި އޭނާއަށް ޖިޔާ ފެނުމުން އަދި ވަކިން ރީތިކަން ފާހަގަކުރެވުނެވެ. ޖިޔާ އެނބުރިލާފައި ދިޔަގޮތް ހިތަށް އެރުމުން ނާވީއަށް ލުއިލުއި ގޮތަކަށް ހީނލެވުނެވެ.

“ކޮން ޚީޔާލެއްގަ، މަޖާކަމެއްވީތަ، މީހަކަށް ލަނޑެއް ދީފަ އައިސް ދޯ ތިއުޅެނީ” ނުހާއަށް ނާވީ އެއްވެސް ކަމަކާ ނުލާ ހޭތަން ފެނުމުން އަހާލެވުނެވެ. އޭރު އޭނާ ސިޓިން ރޫމަށް އައީ ދަރިފުޅު ޒިޔާފު ކުޅެން ނަގާފައި ހުރި ހުރިހާ ސާމާނެއް ކުޅޭވަށިގަނޑަށް އަޅާށެވެ.

“ނޫން، އެކަހަލަ ކަމެއް ނުކުރަން” ކުއްލިއަކަށް ނާވީ އޭނާގެ އިޙްސާސްތަކުގެ މައްޗަށް ބާރުފޯރުވިއެވެ. ހުރިހާ ވާހަކައެއް ދައްތަ އާއި ޙިއްސާ ކުރަމުން އައި ނާވީއަށް ޖިޔާގެ ވާހަކަ ބުނަން ނުކެރިގެން އުޅެނީ ކީއްވެކަމެއް ޚުދު އޭނާއަކަށް ވެސް ނޭނގެއެވެ.

“މިއަދު މެންދުރު ނުވެސް ކާ ދުވަހަކީތަ، ކާންގޮވަންވެގެން ނާވީ ހޯދަން ފެށީމަ ނެތްކަން އެނގުނީވެސް ޔާފް ބުނީމަ” ނުހާ ފަހަރަކު ކުޅޭ އެއްޗެއް ނަގަމުން ވާހަކަދެއްކިއެވެ.

“މުހިންމު ކަމެއް ޖެހިގެން ބޭރަށް ނުކުމެލީ، ކާންވެސް ދާންވީ، ދޮންތަ ތިކަން ނިންމާލަ ދާން އޯކޭވާނެ” ނާވީ އޭނާގެ ފައިކައިރީ އޮތް ޒިޔާފުގެ ކުޅޭ ކާރު ނަގާ ނުހާއަށް ދިއްކޮށްލިއެވެ.

* * * *

ދެބެން އެކުގައި ބަދިގެ ފަރާތަށް ވަނެވެ. ޒުހާ މޭޒުކައިރި އިށީނުމާއިއެކު ޖިޔާ ދެ ތަށި ދޮވެލައިގެން އައިސް މޭޒުމަތީ ބެހެއްޓިއެވެ. އަދި ތިރީ ކަބަޑުސެޓުމަތީ ބަހައްޓާފައި ހުރި ރޮށިތަށި ގެނެސް މޭޒު މައްޗަށް ލިއެވެ. ދެން އޭނާ ޒުހާގެ ކައިރީ ހުރި ބިއްލޫރި ތައްޓަށް އައިސްއަލަމާރިން ނެގި ފުޅިން ޖޫސް އަޅައިދީފައި އޭނާގެ ކުރިމަތީ ހުރި ގޮނޑީގައި އިށީނދެއްޖެއެވެ.

“ޖޫސް ނުބޮންތަ” ޖިޔާގެ ތައްޓަށް ޖޫސް ނޭޅުމުން ޒުހާ ސުވާލުކުރިއެވެ.

“ހޫމް، އެހާ ބޯހިތެއްނެތް” ޖިޔާ މޫނަށް ވައްތަރެއް ޖައްސާލަމުން ބުންޏެވެ. އޭނާ ކެއީ ހެނދުނު ހަދާފައި ހުރި ބަރަބޯ މަސްހުނިކޮޅަކާއި ރޮއްޓާއި ޖަހައިލައިގެންނެވެ. އެކުން ޖިޔާއަށް ގިނައިން ނުކެވެނީއެވެ. މާގިނައިން މޭނުބައިކުރާ ގޮތްވަނީއެވެ. އެހެންނަމަވެސް އަބަދުމެ ހުންނަނީ ކަރުހިއްކައިގަނެފައެވެ. އެހެންވެ އާދަޔާއި ޚިލާފަށް ފެންބޮވެއެވެ.

ބަދިގެއަށް ވަން ޝާކިރާއަށް ޖިޔާ ކާންއިންތަން ފެނި އޭނާގެ ތައްޓަށް ބަލާލިއެވެ. އެއްޗެކޭ ނުބުނަން ހުއްޓެއްކަމަކު އޭނާއަކަށް ކެތެއްނުވިއެވެ. ކޮންމެ ގޮތެއްވިޔަސް އެއީ އޭނާގެ ދަރިއެކެވެ. މައިލަގޮނޑިއަށް އެކުއްޖާގެ ހާލު ފެނި ކެތެއްނުވެއެވެ. އޭނާގެ ރުޅިއަކީ މުޅިއަކުން ޖާއިޒު އެއްޗެއް ނޫންކަމުގައި ޚުދު އޭނާގެ ޟަމީރު ވެސް ޤަބޫލުކުރެއެވެ.

“މީހަކުލައްވާ އެއްޗެއް ބުނުވަންތަ ތިވަރަށް ތިކަނީ” ޝާކިރާގެ އަޑުގައި ހުރީ ނުރުހުންވެރި ރާގެއް ނަމަވެސް އޭނާ ހުރީ ޖިޔާ އާއިމެދު ކަންބޮޑުވެފައެވެ. މާބަނޑު ދުވަސްވަރަކީ ހަށިގަނޑަށް ހުރިހާ ގޮތަކުންވެސް ބަލައިގެން އުޅެންޖެހޭނެ ދުވަސްވަރެއްކަން ޝާކިރާއަށް ވިސްނެއެވެ. ވީއިރު އޭނާއަށް އެނގިފައި ހުރި މިންވަރަކުން ޖިޔާގެ ސިއްހަތަށާއި ހިތްހަމަޖެހުމަށް އޭނާ ބަލަންޖެހޭނެކަންވެސް އޭނާއަށް އެނގެއެވެ. އެގޮތަށް ކަންތައްކުރަންވެސް ޝާކިރާ ބޭނުމެވެ. ޖިޔާގެ އުމުރުގެ ޅަކަމާއި ތަޖުރިބާއެއްނެތްކަން އެނގޭ މީހަކީވެސް ޝާކިރާއެވެ.

“ބަނޑުގައި އޮތް ދަރިފުޅާމެދު ވިސްނާލާފައި ތަންކޮޅެއް ރަނގަޅަށް ކައިބަލަ، އެއްޗެހި ނެތީއެއްނޫންވިއްޔަ، ދެން ދެފައި އެއްތާ ނުޖަހާ ކޮޅުކޮޅޮށް ދުވެދުވެފައެއް މިހާރަކު ނޫޅެވޭނެ، އެހެންވީމަ އެވަރުވެސް ދަނެގެން އުޅޭނި” މިހެންބުނެ ޝާކިރާ އެޅި ފެންތަށި ބޯލައިގެން އޭނާ ބަދިގޭން ނުކުމެއްޖެއެވެ.

“ކޮބާ، މަންމަ އެހެންހުއްޓެއް ކަމަކު ޖިޔާ އުޅޭގޮތް ބަލައެންނު، އަސްލު މަންމަ އެބުނީ ތެދެއް، ޖީ ނުވާނެ އެހާ ފަރުވާކުޑަކޮށްލައިގެން، މިހާރު ވާނީ ބޭބީ އާއިމެދު ވިސްނަން، ޖީ އަބަދު ހުންނަނީ ދެރަވެފަ، އެކަމަކުގެ އަސަރުވެސް ބޭބީއަށް ކުރާނެ” ޝާކިރާ ނުކުމެގެން ދިޔަތަން ބަލަން އިން ޒުހާ ބުންޏެވެ. ދެންވެސް ޖިޔާ އެއްވެސް އެއްޗެއް ނުބުންޏެވެ.

ދުވަސް ނިމިގެން ދިޔައިރު ޖިޔާއަށް ލިބިފައިހުރި ފޫހިކަމާއި ހިތްހަމަނުޖެހުންވެސް ފިލާ ހިނގައްޖެއެވެ. ގޭތެރޭގައި މީހަކު އަނގައިން ނުބުނި ކަމުގައި ވިޔަސް ޒުހާގެ ގާތްކަން އެހުރިހާ ކަމެއްގެ މަތިން ޖިޔާ ހަނދާންނައްތާލަން މަޖުބޫރުކުރުވައެވެ. އަނެއްކޮޅުން ޖިޔާއަށް ވެސް އޭނާއަށް ލިބެން އުޅޭ ދަރިފުޅާމެދު ވިސްނެއެވެ. އޭނާ ވެސް އެ ދަރިފުޅާއި މެދު ބޭނުންވަނީ ވީ އެންމެ ރަނގަޅަކަށް ކަންތައްކުރާށެވެ. ނަމަވެސް އަދި އޭނާ އެ ދަރިފުޅަށްޓަކައި ދިގު އިންތިޒާރެއް ކުރަން ޖެހޭތީވެ އެކަމާ ހިތާ ޝަކުވާ ކުރެއެވެ. ދިގު އިންތިޒާރުގެ ނިމުން ފޮނިވާނެކަމަށް ޖިޔާ ޤަބޫލެއް ނުކުރެއެވެ.

* * * *

ހަފްތާއެއް ފާއިތުވެގެން ދިޔައިރު އަނެއްކާވެސް ޖިޔާގެ މޫނުމަތިން ފޫހިކަމާއި މާޔޫސްކަން ފާޅުވަމުން ދިޔައެވެ. އެނދުގެ ހެޑްބޯޑުގައި ލެނގިލައިގެން ދެފައި ދަމާލައިގެން އިން ޖިޔާގެ ފައިލާ ކޮޅުގައި ޒުހާ ކުރުއަތްމައްޗަށް އޮތެވެ. ގޭތެރޭގައި ބޮޑު ޒުވާބެއް ހިނގުމުގެ ސަބަބުން ދެބެންގެ މޫނުމަތިންވެސް ފިކުރުބޮޑުވެފައި ތިބި ކަމުގެ އަސަރު ފާޅުވަމުން ދިޔައެވެ.

“ޒީއްތަ ކޮންވައްތަރަކަށްތަ އެއުޅެނީ، ޖީ ދެކެ ރުޅި އަންނަންވީ ސަބަބެއް އަހަންނަކަށް ނުވިސްނުނު، މަންމަ އާއި ދިމާލަށްވެސް އޭނާ ހިތަށް އައިހައި އެއްޗެއް އެދިޔައި ބުރުވާލާފަ، ޓޫ މަޗް ދޯ އެއީ، ހާދަ ރުޅިގަދަވިޔޭ، އޭނާ ނުޖެހޭ ކޮންމެހެން ޖީ އާއި ދިމާލަށް ވެސް އަދި މަންމަ އާއި ދިމާލަށްވެސް އެވަރަށް އެއްޗެހި ކިޔާކަށް” ޒުހާ ދެލޯ ހިމަކޮށްލަމުން ބުންޏެވެ.

“ނޭނގެ، އަހަރެން މެރީ ކުރީއްސުރެން ޒީއްތަ ހުންނަނީ ރުޅިގަދަވެފަ، ކޮންމެވެސް ކަމަކާ ޒީއްތަ ވިސްނަނީހެން ހީވަނީ، އަހަރުމެންވެސް ރުޅި ނައިސް ޒީއްތަ އާއި ވާހަކަދައްކަންވީ ކަންނޭނގެ، އޭރުން ކަންނޭނގެ މައްސަލައަކީ ކޮބައިކަން އެނގޭނީ” ޖިޔާ މަޑުމަޑުން ބުނެލިއެވެ.

“މީހަކު ބުނާއެއްޗެއް ޒީއްތަ އަޑުއަހާނެތަ، އަބަދުވެސް އޭނާއަށް ފެންނަގޮތް އެއީ އެންމެ ރަނގަޅުގޮތް، ހަމަ ދެވަނަ މަންމަ އެއީ” ޒުހާ ހިތްހަމަނުޖެހިފައި އޮވެ ބުންޏެވެ.

“ކީއްކުރަންތަ ނާވީ އެގުޅަނީ، ކީއްވެތަ ޒޫކޮށް އަހަންނަށް ފޯނު ދެނީކީ، އޭނާ ޒޫކޮޔަށް ގުޅަންޏާ ޒޫކޮށް ވާހަކަދެއްކީމަ ނިމުނީނު، ޒީއްތަގެ ކަންތަކަށްވުރެ ތި ނާވީއެއްގެ ކަންތައް މިހާރު މަށަށް ބޮޑުވެއްޖެ” ޖިޔާ އޭނާގެ ސިކުނޑިއަށް އެންމެ އުނދަގޫވެފައި އިން ކަންތައް ފާޅުކުރިއެވެ.

“އަހަރެންގެ ފޯނަށް ނާވީ ގުޅިޔަސް އޭނާ ގުޅަނީ އަހަންނާ ވާހަކަދައްކާކަށް ނޫނޭ، އަބަދުވެސް އަހާނެ ޖީގެ ވާހަކަ، ކީއްވެތަ ޖީ އޭނާ އާއި ވާހަކަ ނުދައްކަން ތިއުޅެނީ، ބޮޑު ނާޑެހެން ހުންނާތީތަ، ބަޓް ސްޓިލް އޭނާ ވަރަށް ކޫލް، މައި އޮފީނިއަންއެއް ބުނަންޏާ ބުނާނީ، އޭނާ ވަރަށް ރަނގަޅޭ، އަދި ވަރަށް ސުވީޓޭ، އެކަހަލަ މީހެއް ޖީ އަކީވެސް، ޖީއަކީ މީހުންނަށް ވަރަށް ރަނގަޅު ކުއްޖެއްކަން އަހަންނަށް އެނގޭ، ވަރަށް ހެލްޕްފުލް ވާނެ، އެކަމަކު މިހާރު ތިހާ ޗޭންޖުވެގެން ތިއުޅެނީ ކީއްވެތަ، ޖީ އަކާ ނުވެސް ގުޅޭ” ޒުހާގެ ގާތުގައި ނާވީގެ ނަން ޖިޔާ ގާތު ބުނުމުން އޭނާ އަވަހަށް ތެދުވެ އެނދުމަތީ ދެފައިވަށްކޮށްލިއެވެ.

“އަހަންނަށް ނާވީ ހުންނަގޮތުން ކަމަކުނުގޮސްގެނެއް ނޫން މިއުޅެނީ، އަހަރެން ދެން ބޭނުންނުވަނީ އެކަކާވެސް ގުޅެން، އެއްވެސް ރިލޭޝަންޝިޕެއްގައި ހުންނާކަށް އަހަރެން ބޭނުމެއްނޫން، އަމިއްލަ ލައިފް އަމިއްލައަށް ބިނާކުރަން ބޭނުންވަނީ، ބޯއީ ފްރެންޑެއްވެސް އަދި ހަޒްބަންޑެއްވެސް އަހަރެންގެ ލައިފަކަށް ބޭނުމެއްނޫން” ޖިޔާ ދުރަށް ނަޒަރު ހުއްޓާލައިގެން އިނދެ ބުންޏެވެ.

“އެކަމަކު ޖީ، އަހަންނަށް އެނގޭ އަހަރެންމީ ޖީގެ ކޮއްކޮކަން، އެހެންވީމަ އަހަރެން ދައްކާ ވާހަކަ މާބޮޑަކަށް ޖީ ޤަބޫލެއް ނުކުރާނެކަން، އަހަރެންގެ އެކްސްޕީރިއެންސެއްވެސް ނުހުންނާނެކަން، އެހެންވިޔަސް ޖީގެ ތި ނިންމުމަކީ އަދި ރަނގަޅު ނިންމުމެއްނޫން، އަހަރެން ބޭނުން ޖީގެ ލައިފްގަ ލޯބި ހިމެނެން، މިބުނީ ފެމީލީ ލޯތްބެއް ނޫން” ޒުހާ އޭނާގެ ދެއަތުން ޖިޔާގެ ފައިތިލާގައި ހިފާލަމުން ބުންޏެވެ.

ބެލްކަނީގައި އަވީލާފައި ހުރި ހަނޑޫކޮޅު ނަގަން ނުކުމެ ހުރި ޝާކިރާއަށް އޭނާގެ ފޯނު ރިންގުވާ އަޑުއިވުނެވެ. ހަނޑޫދޮލަނގު އަނެއްކާވެސް ގޮނޑިމަތީ ބަހައްޓާފައި އޭނާ ބަދިގެ ތެރެއަށް ވަދެ ކާމޭޒުމަތީ އޮތް ފޯނު ނަގާ “ހެލޯ” އޭ ބުނެލިއެވެ.

“އޭތް! ނައީމާއޭ މީ، މިގުޅީ ރިހާމުގެ ޚަބަރެއް ދޭންވެގެން” ފޯނުގެ އަނެއްކޮޅުން ޝާކިރާގެ ރަޙުމަތްތެރިޔާ ނައިމާ ވާހަކަދެއްކިއެވެ.

“ހަމަތެދެއްތަ، އޭނާގެ ޚަބަރެއް ލިބުނީތަ، ކޮންތާކު ނައީމާ ތިހުރީ، ހާދަ ދުވަހެއް ފަހުންނޭ ތި ގުޅާލީ، ތިވާހަކަދައްކަން ނިކަން ޖައްސާލަ ބަލަ އަހަރުމެން ގެއަށް” ލިބުނު ކުއްލި ޚަބަރުން ހިނިއައިސްފައި ހުރެ ޝާކިރާ ބުންޏެވެ.

“އާން! ޝާކިރާ އުޅުނީމެންނު ރިހާމު ވީތަނެއް ނޭނގިގެން، އަހަރެން މިހިރީ ރަށުގަ، އެނގޭތަ، ރިހާމު އުޅެނީ މިކޮޅުން ކުއްޖަކާ އިނދެގެން” ނައިމާ ވެސް މިހެން ބުނީ ހިތްއަވަސްވެފައި ހުރި ފަދަ ގޮތަކަށެވެ.

“ނާ ހަމަ ތެދެއްތަ، އޭނާ އައްޑޫގަތަ ހުރީ، ކިހިނެއް ނައީމާއަށް ތިކަން އެނގުނީ” ޝާކިރާ ކާމޭޒުކައިރިން ގޮނޑިއެއް ދަމާލާފައި އިށީނެވެ. އޭނާގެ ހުރިހާ ސަމާލުކަމެއް ވަނީ ނައީމާގެ ވާހަކަތަކަށް ދެވިފައެވެ.

“ރިހާމުގެ ފަހަރިއެއް އަހަރެން ގާތު ބުނީ، މިހާރު ދުވަސްކޮޅެއްވެއްޖެ އެ ދެމީހުން ކައިވެނިކުރިތާ، ޢާއިލާވެސް ވަރަށް ޤަބޫލު، އެމީހުން ވަރަށް ރުހޭ ކުއްޖަކާ ކައިވެނި ކުރީ، އެ ދެމަފިފިރިން އުޅެނީ މާލޭގަކަމަށްވަނީ، ކައިވެނިކޮށްގެން ރާއްޖޭން ބޭރަށް ދިޔަކަމަށްވެސް ބުނި، ހީވަނީ މިހާރު އަތުވެދާނެހެން، ޝާކިރާ، އަދި ވަރަށް ހެއްވާ ކަމެއްވިޔޭ، ރިހާމުމެން ގޭ މީހުންނަކަށް ނޭނގޭ ޝާކިރާގެ މަންޖެއާއި އޭނާ ކައިވެނިކުރިކަމެއް، އަހަރެން ހިތަށް އެރީ ރިހާމު ކީއްވެބާއޭ އެ މީހުން ގާތު ނުބުނީ”  ނައިމާ ހީނލާފައި ބުންޏެވެ.

“އެހެންތަ، ދެން ނައިމާ ކިހިނެއްހެދީ، އެމީހުންނަށް ހުރިހާ ވާހަކައެއް ކިޔާދިނީތަ” ޝާކިރާ ވަރަށް ހައިރާންވެފައި އަހާލިއެވެ.

“ނޫން، ހިތަށް އެރީ އެ ވާހަކަދައްކާތަނުން އެ ޢާއިލާ އާއި އަހަރުމެންނާ އޮންނަ ގުޅުން ކެނޑިދާނެޔޭ، އެހެންވެ އެކަހަލަ އެއްވެސް ވާހަކައެއް ނުބުނަން، އެ ޢާއިލާ އަހަރުމެންނަށް ވަރަށް ރަނގަޅުވާނެ، ވަރަށް އެހީވާނެ، ރަށުގަ ތަނަވަސްކޮށް އުޅޭ މީހުންގެ ތެރޭގައި ހިމެނޭ އެއް ޢާއިލާވިއްޔާ އެއީ ވެސް” ނައީމާ ބުންޏެވެ.

“ނައީމާ، ރިހާމު ހުރިތަނަކަށްވުރެ ބޮޑަށް އަހަންނަށް މިވަގުތު މުހިންމީ ރިހާމާއި ގުޅޭނޭގޮތެއް، އެނގޭތަ، ކަންތައްތައް ވަރަށް ގޯހުން ގޯހަށް ހިނގައްޖެ” ޝާކިރާ މިހެން ބުނުމާއިއެކު ނައީމާ ވާހަކަދެއްކިއެވެ.

“އަނެއްކާ ކިހިނެއްވީ” ނައީމާ ސުވާލުކުރިއެވެ.

“ރިހާމު އަހަރެންގެ މަންޖެ ވަރިކުރިކަން ނައީމާއަށް ވެސް އެނގޭނެ، އެކުން އެއީ އެ މަންޖެ މައްސަލަ، ރިހާމު ކަހަލަ މީހަކާ އިނދެވުނީމަވެސް އުޅެން ނޭނގުނީ، ގައިމު ރަނގަޅު ތަރުބިއްޔަތު ނުދެޔެކޭ މީހަކަށް ނުބުނެވޭނެވިއްޔާ، އެނގޭތަ، އެމަންޖެ އިނީ ބަލިވެ، އެކުން އެހާވަރަކުން ރިހާމު ހޯދަން މިއުޅެނީވެސް އެހެންވެގެން، އެމަންޖެ އެއްގޮތަކަށްވެސް ބޭނުމެއްނޫން ރިހާމަށް އެކަން އަންގާކަށް، އަލުން އިނދެގެން ގެންގޮސްފާނެތީ ކަންނޭނގެ، އެކަމަކު އަހަރެން ބޭނުންވަނީ ރިހާމަށް މި ޚަބަރު ދޭން، ދަރިފުޅުގެ ބައްޕައަށް ނާންގާ ހުންނާކަށް ނުވާނެ އެންނު، އަޅެ ނޫންތަ ނައީމާ” ޝާކިރާގެ އަޑުގައި މިހާރުވަނީ ކަންބޮޑުވުމެވެ.

“ޝާކިރާގެ ވިސްނުން ތިހިރީ ރަނގަޅަށް، އެމަންޖެ ނުގަބޫލަސް ދަރިފުޅުގެ ބައްޕައަށް އަންގަންވާނެ، އަހަރެން ތަންކޮޅެއް ފަހުން ގުޅާނަން ރިހާމަށް ގުޅޭނޭ ނަންބަރެއް ހޯދާފައި، ހާސްނުވޭ، އަހަރެން ތިކަން ކޮށްދޭނަން، ރިހާމުގެ ޢާއިލާއަށް އޭނާ ހުރީ ކޮންތާކުކަން އަދި އޭނާ އާއި ގުޅޭނީ ކިހިނަކުންކަން ނޭނގިއެއް ނުދާނެ، ދެން ރަނގަޅު ދޯ އެހެން ހުރިހާ ކަމެއް، އަހަރެން ތިކޮޅަށް ގޮސްފަ ދާނަން ޝާކިރާމެންގެއަށް” ނައީމާ ފޯނު ކޯލު ކުރުކޮށްލިއެވެ.

ފޯނު ކަނޑާލުމާއިއެކު ޝާކިރާ އޭނާގެ ފޯނަށް ބަލަހައްޓައިގެން އިރުކޮޅަކު ވިސްނަން އިނެވެ. ޖިޔާއަށް ނޭނގުނެއްކަމަކު އޭނާ މިހާރު ވިސްނާ އެންމެ ބޮޑުކަމަކީ އެއީއެވެ. ޖިޔާއަށް ކުއްޖަކު ލިބެން އުޅޭތީއެވެ. އެވެސް ޖިޔާގެ ކައިވެނި ރޫޅިފައިވަނިކޮށެވެ. މިއީ އެއްގޮތަކަށްވެސް ޝާކިރާ ބޭނުންވި ގޮތެއް ނޫނެވެ. އޭނާއަށް އިތުރަށް ނައީމާ ބުނިއެއްޗަކަށް ވިސްނާލެވުނެވެ.

“ޖިޔާގެ ސަބަބުން ރިހާމު އެހެން މީހަކާ ކައިވެނި އެކުރީ، ރިހާމަކީ ގޯސްމީހެއް ނޫން، އެކަމަކު ކީއްވެބާ އޭނާގެ ޢާއިލާއަށް ކުރިން ކައިވެނި ކުރިކަން ނޭނގުނީ، ނައިމާ އެހެންބުނީމަ އަހަރެންގެ ހަނދާނަނަށްވެސް އާދޭ، އެ ދެކުދިންގެ ކައިވެނި ކުރެވުނު އިރު ރިހާމުގެ ފަރާތުން އެކަކުވެސް ނެތްކަން، ވެދާނެ ފަހުން ބުނަން ހުރީކަމަށް، ރިހާމު ދެއްކިވިއްޔާ އޭނާގެ ޢާއިލާ ގާތަށް ޖިޔާ ގެންދާނެ ވާހަކަ، ވެދާނެ އެހެން އެކަން ނުވީ ޖިޔާގެ ސަބަބުން ކަމަށްވެސް، އެހާ ގޮތްދޫނުކުރޭ ވިއްޔާ، ރިހާމޭ ބުނާއިރަށް މީހާ ރުޅިގަދަވެގެން ފަޅައިގެން ދާވަރުވެފަ އެ ހުންނަނީ، އާން! އެންމެ ރަނގަޅުވާނީ ޖިޔާއަށް ނޭނގި ރިހާމު މިގެއަށް ގެނައްޔާ” ޝާކިރާ އަމިއްލަ ޟަމީރާ ވާހަކަދައްކަމުން އެއްބަސްވެލުމުގެ ގޮތުން މަޑުމަޑުން ބޯޖަހާލިއެވެ. ކުއްލިއަކަށް ހަނޑޫދޮލަނގުމަތިން އޭނާ ހަނދާންވީ ދެނެވެ. އަވަސް އަވަހަށް ފޯނު މޭޒުމަތީ ބާއްވާފައި ބެލްކަންޏާއި ދިމާލަށް ދިޔައެވެ.

* * * *

“ކޮންތާކަށް އަހަރުމެން ދާނީ” އިބާ ސައިޖޯޑު ޒުކަން އާއި ކައިރިކޮށްލަ ދެމުން އަހާލިއެވެ.

“އިބާ އެންނު ޗުއްޓީއަށް ތަނަކަށް ދާހިތުން ތިއުޅެނީ، އިބާ ތަނެއް ޗޫސްކޮށްފަ އަހަރެން ގާތު ބުނޭ” ޒުކަންގެ ވާހަކަ ހުރިގޮތުން އޭނާގެ މާބޮޑު ޝައުގުވެރިކަމެއް އިބާ ދައްކާ ވާހަކައަކަށް ނެތެވެ.

“ޒުކަން އަހަރެންދެކެ ފޫހިވަނީތަ” ކުއްލިއަކަށް އިބާ ބުނި އެއްޗަކުން ޒުކަންގެ ތުނބުގައި ޖައްސާލި ސައިޖޯޑު ނުވެރުނީ ކިރިޔާއެވެ.

“މިހާރު ކީކޭ ކިޔަން ތިއުޅެނީ” ހައިރާންވެފައި އިބާއަށް ބަލަހައްޓައިގެން ޒުކަން އިނެވެ.

“އަހަރެން ކޮންމެ އެއްޗެކޭ ބުންޏަށް ޒުކަން އެކަމަށް ފާޑެއްނުކިޔާ، އޭގެ ބަދަލުގައި އަވަހަށް އެއްބަސްވަނި ބޮލުން ކަޓުވާލަން އުޅޭ ކަހަލަ ގޮތަކަށް، އަހަރެންދެކެ ފޫހިވަންޏާ އެ ވާހަކަވެސް ބުނެލީމަ ދޯ އަހަންނަށް އެނގޭނީ، ތިގޮތަށް މާ ދުރުވެގެން އުޅެންޏާ އަހަންނަށް ވެސް ކުރެވެނީ ޝައްކުތަކަކާއި ހީތަކެއް، އަހަރެން ބޭނުމެއްނޫން އެގޮތަށް އެކަން ވާކަށް” އިބާ ރަނގަޅަށްވެސް ހިތްހަމަނުޖެހިއްޖެކަން ޒުކަންއަށް އެނގުނެވެ.

“ރުޅި ނާދެބަލަ، އަހަރެން ފާޑުކީމަވެސް އިބާ ހިތްހަމަނުޖެހޭނެ، ބުނާނެ ދުވަހަކުވެސް އިބާއަށް ރަނގަޅުގޮތަކަށް ކަމެއް ނުކުރެވޭނެޔޭ، އެހެންނޫނަސް މީ އިބާ ބޭނުންވެގެން ދާން އުޅޭ ދަތުރެއް، އެހެންވެ އިބާ ބޭނުންތަނަކަށް ގެންގޮސްދޭން އަހަރެން މިހިރީ ތައްޔާރަށް، އެޔެންނު އަހަންނަށް ކޮށްދެވޭނެކަމަކީ، އަހަރެން އިބާދެކެ ފޫހިވެގެން ރުޅިއައިސްގެނެއް ނޫޅެން، އިބާ އަހަންނަށް ޝައްކު ކުރާކަށްވެސް ނުޖެހޭނެ” ޒުކަން މިހެން ބުންޏެއްކަމަކު އެންމެ ފަހު ޖުމްލަ ހީވީ އޭނާގެ ކަރުގައި ތާށިވާން އުޅުނުހެންނެވެ. އަވަސް އަވަހަށް ސައިގެ ބަދަލުގައި ކައިރީގައި ހުރި ފެންތަށީ ބޯލައިފިއެވެ. އަދި މޭޒުމަތީ އޮތް އިބާގެ އަތްތިލާގައި ހިފާ ބާރުކޮށްލީ ޔަގީން ކުރާށޭ ބުނާފަދަ ގޮތަކަށެވެ.

ސައިބޮއެ ނިމިގެން ޒުކަން ނުކުތީ ބެލްކަންޏަށެވެ. ދެލޯ މަރާލަމުން ފުންނޭވާއެއް ބޭރުކޮށްލިއެވެ. އިރުއޮއްސުމުގެ އަސަރުތައް އުދަރެހުން ފާޅުވޭވޭހުއްޓެވެ. އޭނާގެ ސިކުނޑީގެ ތެރެއަށް ފީނައިގަތީ ސިއްރުކުރެވިފައިވާ ހަނދާންތަކަކާއި މަންޒަރުތަކެއް ހޯދުމަށެވެ. އަދިވެސް ޒުކަންއަށް ލިބިގެން ދިޔަ އެންމެ ރެއެއްގެ އަރާމާއި ލައްޒަތުގެ ރަހަ އަރުގައި ނުފިލާވާކަހަލައެވެ. އެ އަންހެންކުއްޖާ ވީތަނެއް އެނގެން ޒުކަން ބޭނުންވިޔަސް، ބައްދަލުވެއްޖެނަމަ ދެން ހަދާނީ ކިހިނެއްކަމެއް، ދައްކާނީ ކޮންވާހަކައެއްކަމެއް ޒުކަންއަކަށް ނޭނގެއެވެ. އެހެންނަމަވެސް އޭނާ މާފަށް އެދެން ބޭނުންވެއެވެ. އޭނާއަކީ ދުވަހަކުވެސް އެހެން އަންހެންކުއްޖަކަށް ކަތި ނަޒަރަކުން ބަލާލި ޒުވާނެއް ނޫނެވެ. އެ އަންހެން ކުއްޖާގެ އަބުރަށް އަތްގަދަ ކުރެވުނީ އޭނާގެ ރުހުމުގައިވިޔަސް ޒުކަން ބޭނުންވަނީ އޭނާ ގަސްދުގައި ކުރިކަމެއްނޫންކަން އަންގައިދޭށެވެ. މާފަށް އެދެން ބޭނުންވަނީ އޭނާގެ ސަބަބުން އެއަންހެން ކުއްޖާ އެފަދަ ހިސާބަކަށް ދާން ޖެހުނީމައެވެ. އިސްތަށިގަނޑުގައި އަތްފުނާ އަޅާލި ޒުކަން ދެފަރާތަށް ބޯހޫރާލިއެވެ. އެވަގުތު އޭނާގެ ފަހަތުން އިބާ އައިސް ބައްދާލައިފިއެވެ.

“ޒުކަން، އަހަރެން ވަރަށް ލޯބިވޭ ޒުކަންދެކެ، އަހަރެން ބޭނުމެއްނޫން ޒުކަންނާއި ދުވަހަކުވެސް ވަކިވާކަށް، އެކަހަލަ ދުވަހެއް އަހަންނަށް ނުދައްކައްޗޭ” އިބާ މިހެން ބުނުމުން ޒުކަން އޭނާގެ އަތުގައި ހިފާ ކުރިމައްޗަށް ގެނައެވެ.

“އަހަރެން އިބާ އާއި ވަކިވާކަހަލަ ޚިޔާލެއް އެއްވެސް އިރަކު ނުކުރަން، ސޯ ޕްލީޒް އިބާ، ތިކަހަލަ ވާހަކަނުދައްކަ ފާނަންތަ، ދެން ބުނެބަލަ، މިހާރު ދާނީ ކޮންތާކަށްކަން ނިންމައިފިންތަ” ޒުކަން ވަރަށް ގާތްގޮތަކަށް އަހާލިއެވެ.

“ރާއްޖޭން ބޭރަށް ދިއުމުގެ ބަދަލުގައި ހިނގާ ރިސޯޓަކަށް ދަމާ، ދެހަފްތާގެ ޗުއްޓީއަކަށް މިއަދު އެދެފިން، ޝިހާމު އުޅުނު އަހަރެންގެ ޗުއްޓީ ހިފާއްޓަންވެގެން، ޝޫޒާ ކިޔާ އާކުއްޖަކު އިއްޔެ އޮފީހަށް ގެނެސްގެން އުޅެނީ، ވަރަށް މައްޗަށް ކިޔަވައިފައި ހުރި ކުއްޖެއް، އޭނާއަށް ތަނުގެ ކަންތައްތައް ބުނެލަ ދޭން އަހަންނާ ހަވާލުކޮށްފަ ހުންނަނީ، އެހެންވެ އަހަރެން ނެތީމަ ވަރަށް ދަތިވާނެޔޯ، އެކަމަކު އަހަރެން ބުނިން ޗުއްޓީ ނުދީފިއްޔާ މިފަހަރު ވަޒީފައިން ވަކިވެގެންވިޔަސް ދާނަމޭ، އަސްލު އަހަންނަށް އެނގޭ ޝިހާމަކަށް ނުކެރޭނެކަން އެގޮތަށް ކަންތައްކުރާކަށް، ހެ ހެ ހެ…. އެންމެފަހުން ޖެހުނީ ޗުއްޓީ ހަމަޖައްސައިދޭން” އިބާ ހެމުން އޭނާ ޗުއްޓީ ހޯދިގޮތް ޒުކަންއަށް އޮޅުން ފިލުވައިދިނެވެ.

“އިބާ ޗުއްޓީއަކަށް ވަރަށް ބޭނުންވެފައި ހުރިކަން އެނގިއްޖެ، ވަރަށް އުފާވެއްޖެ އިބާ އަމިއްލައަށް އަހަރުމެން ދެމީހުންނަށް ވަގުތު ދޭން މަސައްކަތްކުރާތީ” ޒުކަން، އިބާގެ ކޯތާފަތުގައި ލޯތްބާއިއެކު ފިރުމާލިއެވެ.

“އަހަރެން ބިރުގަނޭ ޒުކަން އާއި ވަކިވާންޖެހިދާނެތީވެ، މިހާރު އަބަދު އެކަހަލަ ޚިޔާލުތައް ކުރެވެނީ، އަހަރެން ބޭނުމެއްނޫން އަހަރެންގެ ފަރާތުން އެގޮތަށް އެކަން ވާކަށް، މީގެ ފަހުން އަހަރެން ޒުކަންއަށް ވަގުތު ދޭނަން އެނގޭ” އިބާ، ޒުކަންގެ މޭގައި މޫނު ފޮރުވާލަމުން ބާރަށް ބައްދާލިއެވެ.

* * * *

ޝާކިރާއަށް ރިހާމުގެ ނަންބަރު ލިބުނީ އިރުއޮއްސި މަޤްރިބު ނަމާދަށް ގޮވިފަހުންނެވެ. ނައީމާވެސް ނަންބަރު ކިޔާދިނުމާއިއެކު މާގިނަ ވާހަކައެއް ނުދައްކާ ފޯނު ކަނޑާލައިފިއެވެ. ފުންނޭވާއެއް ބޭރުކޮށްލާފައި ޝާކިރާ އައިސް އޭނާގެ ކޮޓަރިއަށް ވަދެ ދޮރުތަޅުލައިފިއެވެ. އަދި އަވަސް އަވަހަށް ނައީމަ ދިން ނަންބަރަށް ގުޅާލިއެވެ. ހަރަކާތްތައް ހުރިގޮތުން ހީވަނީ އޭނާ ރިހާމާއި ވާހަކަދައްކާ އަޑު އެކަކަށްވެސް އިވެން ބޭނުންނުވާހެންނެވެ.

“އައްސަލާމް އަލައިކުމް، ރިހާމު ތޯ” ޝާކިރާ ޔަޤީން ކުރަން ބޭނުންވިއެވެ.

“ލައްބަ” ރިހާމު ބުންޏެވެ. އެއާއިއެކު ޝާކިރާއަށް އެއީ ހަމަ ރިހާމުގެ އަޑުކަން ޔަގީންވެއްޖެއެވެ.

“ރިހާމު، މީ ޝާކިރާ، ޖިޔާގެ މަންމަ…” ޝާކިރާއަށް އިތުރަށް އެއްޗެކޭ ނުބުނެވިގެން އުޅެނިކޮށް ރިހާމު ވާހަކަދައްކަންފެށިއެވެ.

“ކިހިނެއް މި ނަންބަރު ހޯދީ، އަހަރެން މިވަގުތު ވަރަށް ބިޒީ” ރިހާމުގެ އަޑުހުރި ގޮތުން އޭނާ ޝާކިރާ އާއި ވާހަކަދައްކަން ބޭނުންނުވާކަން ޚުދު ޝާކިރާއަށްވެސް އިނގުނެވެ.

(ނުނިމޭ)

Leave a Comment

Your email address will not be published. Required fields are marked *