THEMI VAAREYGA VEEMEY [PART 7]

މެންދުރުން އެނބުރިއިރުވެސް ނާވީ އުޅެނީ ފާޑަކަށެވެ. އަބަދު ހުންނަނީ ހެވިފައެވެ. އޭނާގެ ތަބީޢަތް މިއަދު ވަރަށް ރަނގަޅުކަމުގައި ނުހާއަށްވެސް ފާހަގަވިއެވެ. އެކަމާ ސުވާލު ކުރުމުންވެސް ވަކި އެއްޗެއް ނާވީ ނުބުނެއެވެ. އެހެން ދުވަސް ދުވަހާއި ޚިލާފަށް ނާވީގެ ރަޙުމަތްތެރިން އައިސް ތިބީ ނާވީމެން ގޭގައެވެ. އެމީހުން ސައްލާ ކުރަމުން ދިޔައީ ނާވީގެ ކޮޓަރީގައެވެ. ކިހިނެއްތޯ މިވަނީ ބަލަން ނުހާ ބޭނުންވިއެވެ. ނާވީގެ ފަރާތުން ކަމެއް އޮޅުން ނުފިލާނެކަން އެނގުމުން އޭނާ އެކަން ހަވާލު ކުރީ ހަތަރު އަހަރުގެ ދަރިފުޅު ޒިޔާފާއިއެވެ. އެކުއްޖާއަށް ޖާސޫސްކުރަންވީ ގޮތް ކިޔާ ދިނީ ޚުދު ނުހާއެވެ. ޒިޔާފު، ނާވީގެ ކޮޓަރީގައި އެމީހުން ދައްކާ ވާހަކަ އަޑުއަހަން އުޅުނީ ނުހާ ބުނެދިން ގޮތަށެވެ. އެކަމަކު އޭނާއަށް މިކުރެވެނީ ކީއްކަމެއްވެސް ނޭނގެއެވެ. މަޖާވެފައި ސިޓިން ރޫމުގައި ހުރި ޒިޔާފުގެ ކުޅޭ އެއްޗެހި ވަށިގަނޑަށް އަޅަން ހުރި ނުހާގެ ގާތަށް އިރުއިރުކޮޅާ ޒިޔާފު އާދެއެވެ. އެގޮތުން މިފަހަރުވެސް އައުމާއިއެކު ނުހާ ސިއްރު ސިއްރުން ވައިއަޑުން ނާބެ ކީއްތޯ ކުރަނީ އަހާލިއެވެ.

“ނާބެ ފްރެންޑް ހޮސްޕިޓަލްގަ، ބަލިކުދިން ކައިރިއަށް ގިފްޓް ގެންދަންވެގެން، އަޔާންބެ ބުނީ ފްލާވަރސް ބިންނަނީ އޯ، ކޮއްކޮ ވެސް ބޭނުން ނާބެއާއިއެކު ދާން” ޒިޔާފު ބުންޏެވެ. އެވަރުން ނުހާއަށް ކޮންމެވެސް އެއްޗެއް ނަގައިގަނެވުނެވެ. އެކަމަކު އިތުރު ސުވާލުތަކެއްވެސް އުފެދިގެން ދިޔައެވެ. މީހަކު ބަލިވެގެން ހޮސްޕިޓަލުގައި ބޭއްވުމަކީ ނާވީ އުފާވާންޖެހޭ ވަރު ކަމެއްބާއޭ ނުހާގެ ހިތަށް އެރީއެވެ.

* * * *

އެތަށް އެއްޗެއް ހިތަށް އަރާފައިބައިގެން ދިޔައިރުވެސް ޝާކިރާ ހުރީ އެކަން ހާމަކުރަން ނުކެރިފައެވެ. އެންމެ ފަހުން ޖިޔާ މާބަނޑުމީހުންގެ ވޯޑަށް ގެނައުމުން ޝާކިރާ އެއްފަރާތްވެލިއެވެ. ޒުހާ އާއި ޒީޝާ، ޖިޔާގެ ގާތުގައި ބަހައްޓާފައެވެ. އޭނާ އެކުދިންގެ ލޯމައްޗަށް ގެއްލޭ ހިސާބަށް އާދެވުމާއިއެކު އަތުގައި އޮތް ކުޑަދަބަހުގެ ތެރެއިން ފޯނު ނަގާ އެންމެފަހުން ރިހާމަށް ގުޅި ނަންބަރަށް ގުޅޭތޯ މަސައްކަތް ކުރިއެވެ. ފޯނު ރިންގުވުން ނޫން ކަމެއް ނުވިއެވެ. ރިހާމު ފޯނެއް ނުނަގައެވެ.

“ރިހާމު މީ ކޮންކަހަލަ މީހެއްތަ، ޖިޔާ ބަލިވެ އިން ވާހަކަ ބުނީމަވެސް އޭނާ ބޭނުންނުވި ޖިޔާ ދެކިލަންވެސް، ކީއްވެބާ އެހާ ނުރުހެންވީ ޖިޔާ ދެކެ، އަހަރެން ހީކުރީ ކުއްޖަކު ލިބެން އުޅޭ ވާހަކަ އަޑުއިވުނީމާ ރިހާމަ އަންނާނެކަމަށް ޖިޔާ ބަލާ، ރިހާމެއް ކަމަކު މިހާރު ދެން ގޮތްދޫކުރަން ވެއްޖެކަންނޭނގެ، އަހަރެން މިވަރަށް ގުޅާއިރު އެންމެ ފަހަރަކު ފޯނު ނެގިއްޔާ ކީއްވާނީ، ގައިމު ކަމަކު ކިޔާކަށް ނޫންވިއްޔާ، ދެން ބޭނުމެއްވެސް ނޫން އޭނާ ގާތު ކަމަކު ކިޔާކަށްވެސް” ޝާކިރާ ކުޑަކޮށް ރިހާމާއިމެދު ފޫހިވާގޮތްވިއެވެ. އޭނާ ޖިޔާ ބަލިވެ އިންކަން އެނގުނީއްސުރެން ރިހާމާއި ވާހަކަދައްކަން މަސައްކަތް ކުރަނީއެވެ. އެކަމަކު ރިހާމު އެއްވެސް ވަރަކަށް އޭނާ އާއި ވާހަކަދައްކާކަށް ބޭނުމެއްނޫންކަން މިއަދު އޭނާއަށް އެނގިއްޖެއެވެ.

“އަހަންނަށް އަހަރެންގެ ދަރި ބެލޭނެ، ރިހާމު، ދެން އަހަރެން ކަލެއަކަށް ނުގުޅާނަން، ދަރިއަކު ލިބެން އުޅޭކަން ނޭނގިއެއް ނޯންނާނެ، ދަރިދެކެން ބޭނުންވަންޏާ ޖެހޭނީ އަންނަންތާ، ނަޔަސް އެދެމައިންނަށް ވާނެ ދެރައެއް ނޯންނާނެ” ޝާކިރާ އޭނާގެ އަތުގައި އޮތް ކުޑަދަބަހުގެ ތެރެއަށް ފޯނު ކޮށްޕާލަމުން ބުންޏެވެ.

ޖިޔާގެ އުނަގަނޑުން ތިރީގައި އަދިވެސް އައްސިކަން ހަރުލާފައި ހުއްޓެވެ. އޭނާގެ ގާތުގައި ހުރި ޒުހާ ކުޑައެނދުގައި ބާއްވާފައި އޮތް ދަރިފުޅުގެ ގާތުން ދުރަށް ނުދެއެވެ. އެންމެންގެ މޫނުމަތިން ފެންނަމުން ދިޔަ ހިނިތުންވުން ޖިޔާގެ ހިތަށް ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ލިއްބައިދިނެވެ.

“މިހާރު ދެން މިއޮތީ ބޭބީ ލިބިފަ، ޖިޔާ ބުނީމެންނު ބޭބީ ލިބުނީމައޭ ނަމެއް ހޯދާނީ، ޒީއްތަ ހުންނާނެ ވަރަށް ރީތި ނަންތަކެއް ހޯދާފައި” ޒީޝާ ބޭނުންވެފައި އިން ކަންތަށް ޖިޔާއަށް ހާމަކޮށްލިއެވެ.

“އަހަރެންވެސް ހުންނާނެ ބޭބީއަށް ނޭމްސް ހޯދާފަ” ޒުހާ އަވަސް އަވަހަށް ބުނެލިއެވެ.

“ގެއަށް ދެވުނީމަ ނަން ފައިނަލް ކުރާނީ، ނަރުސްކުއްޖާ ބުންޏެންނު ރަނގަޅިއްޔާ މާގިނަ ދުވަހެއް ނުވާނެއޭ” ވަރުބަލި އަޑަކުން ޖިޔާ ބުނެލިއެވެ.

އެންމެންގެ މަޝްވަރާ ހުރީ ޖިޔާގެ ދަރިފުޅު ގެއަށް ދާންވާއިރަށް ގެ ތައްޔާރުކުރާނޭ ގޮތުގެ މައްޗަށެވެ. ޕާޓީ ބޭއްވުމާއި ދައުވަތު ދޭނެ މީހުންގެ ލިސްޓެއްވެސް ކަނޑައެޅުނެވެ. އެއްވެސް އެއްޗެއް ނުބުނެ ޖިޔާ ހިނިއައިސްފައި އޮތީއެވެ.

ހަވީރުގެ ވަގުތު ވޯޑުތެރެ ހަލަބޮލިވެގެން ދިޔައީ ބަލިމީހުންނަށް ގޮވާލަން އަންނަ މީހުންގެ ސަބަބުންނެވެ. އެނދުތައް ވަކިކުރުމަށް ދަމާފައި ހުރި ފަރުދާތަކުގެ ސަބަބުން ކޮންބަޔަކުކަން ނުފެނުނަސް އެމީހުން ދައްކާ ވާހަކަތައް އަޑުއިވެއެވެ. ޝާކިރާގެ ވެސް ދެތިން ރަޙުމަތްތެރިއެއް ޖިޔާއަށް ގޮވާލަން އައެވެ. ސްކޫލަށް ދާން ނުޖެހި މުޅި ދުވަހު ޖިޔާ އާއިއެކު އެޅެވޭތީ ޒުހާ ހުރީ ވަކިން ހިތްއަވަސްވެފައެވެ. ޒީޝާ އިރުއިރުކޮޅާ އެނދުގައި އޮތް ޖިޔާގެ އިސްތަށިގަނޑު ރީތިކޮށްލައެވެ. މީހުން ގިނަވުމުގެ ސަބަބުން ކޮންމެވެސް ވަރަކަށް ޖިޔާއަށް އުނދަގޫވިއެވެ. އެހެންނަމަވެސް އަވަހަށް ދޫކޮށްލާނޭކަން އެނގޭތީ އޭނާ ހޮސްޕިޓަލުން ކޮޓަރިއެއް ނަގަން ބޭނުންނުވީއެވެ. އަނެއްކޮޅުން އޭނާގެ ނަން އޮތީ ދިގު ލިސްޓުގެ ވަރަށް ފަހަތުގައެވެ. އެހެންވެ ޑޮކްޓަރ އޭނާ ގެއަށް ފޮނުވާލާއިރުވެސް ހޮސްޕިޓަލުން ކޮޓަރިއެއް ހަމަނުޖެހޭނޭކަން ޖިޔާ އަށާއި އޭނާގެ ޢާއިލާއަށް އެނގެއެވެ. އެހެން މީހުން ދައްކާ ވާހަކަތައް އަޑުއަހަން އޮތް ޖިޔާގެ ސަމާލުކަން ޒުހާ ހޯދިއެވެ.

“ޖީ، ފްރެންޑެއް އެބަހުރި ޖީ އާއި ބައްދަލުކުރަން އައިސް، ވައްދަންތަ” ވަރަށް ހިނިއައިސްފައި ހުރި ޒުހާ ބުންޏެވެ.

“ފްރެންޑެކޭ، ކާކު؟” ޖިޔާ ވަރަށް ހައިރާންވެފައި ސުވާލުކުރިއެވެ. އޭނާގެ ކައިވެންޏަށްފަހު ހުރިހާ ރަޙުމަތްތެރިންނާއި ގުޅުންވަނީ ކަނޑާލާފައެވެ. ވީއިރު މިއަދު އޭނާ ވިހައިގެން އޮއްވާ ގޮވާލަން އަންނާނެވަރުގެ ރައްޓެހި ރަޙުމަތްތެރިއަކު ނުހުންނާނެކަން ޔަގީންވެއެވެ.

“ދެން ފެނުނީމަ އެނގޭނެއެންނު” ޒުހާ މިހެން ބުނެ އެނދުގެ ވަށައިގެން ދަމާފައި ހުރި ފަރުދާގެ އަނެއްފަރާތަށް ނުކުތެވެ. ޖިޔާ ހައިރާންވެފައި އެއީ ކާކުތޯ ބަލަން އޮތީ ވަރަށް ޝައުގުވެރިކަމާއިއެކުއެވެ. އޭނާގެ ގާތުގައި ހުރި ޒީޝާގެ މޫނުމަތިންވެސް ފެންނަނީ އެއީ ކާކުތޯ ބެލުމުގެ ޝައުގުވެރިކަމެވެ.

ރީނދޫކުލައިގެ ފިނިފެންމަލުގެ ބޮޑު ގުލްދަސްތާއެއް ހިފައިގެން ހުރެ ޒުވާނަކު ޖިޔާގެ އެނދުކައިރިއަށް އައެވެ. ދަރިފުޅަކު ލިބުނީތީ އެކަމުގެ މުބާރިކުބާދީ އަދާކުރިއެވެ. ޒީޝާއަށް މާބޮނޑިފެނި އޭގެ ބޮޑުކަމުން އާޝޯހުވުމާއިއެކު ހިނިއައިސްފައި އަނގަހުޅުވުނެވެ.

“ތޭންކިއު، ކާކުކަމެއް ނޭނގުނު” މާބޮނޑިން އެޒުވާނާގެ މޫނު ފޮރުވިފައި ހުރުމުން ޖިޔާ ބުނެލިއެވެ.

އެނދުގެ ތިރީގައި މާބޮނޑި ބަހައްޓާލާފައި ތެދުވި ޒުވާނާގެ މޫނު އެނދުގައި އޮތް ޖިޔާއަށް ފެނުމުން ބޭރަށްލަމުންދިޔަ ނޭވާވެސް ހުއްޓުމަކަށް އައެވެ. މޫނުމަތީގެ ކުލަވަރު އެކީހެން ބަދަލުވެގެން ދިޔައީ އޭނާއަށް ބޮޑުބިރެއް ފެނުނުހެންނެވެ. ގާތުގައި ހުރި ޒީޝާއަށް ޖިޔާގެ މޫނު ފެނި އައިސްހުރި ޒުވާނާ އަށާއި އެނދުގައި އޮތް ޖިޔާއަށް ބަލާލެވުނީ ސުވާލުގެ ނަޒަރަކުންނެވެ. އެވަގުތު ޒުހާ، ޒީޝާއަށް އަތުން ހަނާއަޅާލީ އޭނާ އާއިއެކު އަންނާށޭ ބުނާފަދަ ގޮތަކަށެވެ.

“ޒީއްތަ އާދެބަލަ” ޒުހާ ދުރަށް ހިގައިގަންނަމުން ބުންޏެވެ. ވާނުވާ ނޭނގިފައި ހުރެ ޒީޝާ، ޒުހާ އާއިއެކު ބޭރަށް ނުކުތެވެ.

“އެއީ ކާކު” ވައިއަޑުން ޒީޝާ މިހެން އަހާލީ ޖިޔާގެ އެނދުގެ ވަށައިގެން ދަމާފައި ހުރި ފަރުދާގެ ފުރަގަހުގައި ހުރެއެވެ. އެތެރޭގައި ޖިޔާ އާއި އެޒުވާނާ އެކަނިކޮށްލާފައި ނުކުންނަން ޖެހުމުން އޭނާގެ ހިތްވަނީ އަވަސްވެފައެވެ.

“ހީޒް އަ ފްރެންޑް، ޖީގެވެސް ފްރެންޑެއް، ހީ ލައިކްސް ހާ އަލޮޓް” ޒުހާ ހިތްއަވަސްވެފައި ހުރެ ޒީޝާގެ އަތުގައި ހިފާލަމުން ބުންޏެވެ.

“މަންމައަށް އެނގިއްޖެއްޔާ” ޒީޝާ ކަންބޮޑުވީ ޝާކިރާ އެތަނަށް އަތުވެދާނެތީއެވެ.

“މަންމަ ދޭތޯ ކިހާ އިރެއް ހުންނަތާ، މަންމައަކަށް ނޭނގޭނެ، އެހާ އަވަހަކަށް ނާންނާނޭ، އެހެންނޫނަސް އެއީ ފްރެންޑެންނު، މިހާރު އެކަހަލަ ފްރެންޑްސް ޖީގެ ލައިފަށް އަންނަންވެއްޖެ، ނޫންތަ ޒީއްތާ، ޖީ ބޭނުމެއްނުވޭ އެއްވެސް ގޮތަކަށް ފިރިހެން ކުދިންނާ ވާހަކަދައްކާކަށް، އެއީ ނާވީ، އޭނާ ވަރަށް ރަނގަޅުވާނެ، މާލޭ ކުއްޖެއް، ހަނދާންވޭތަ ތަންކޮޅެއް ކުރިން ޓީވީ އިން ދެއްކި ޚަބަރެއްގައި ގޮވިއެންނު މާލޭ ކޮންސްޓްރަކްޝަން ސަރަޙައްދެއްގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ދެ ދިވެހިން މަރުވެ އެކަކު ނުކުޅެދޭ މީހަކަށް ވިކަމަށް…” ޒުހާ، ޒީޝާ ގޮވައިގެން އެއްފަރާތަކަށް ޖެހިލަމުން ނާވީގެ ވަނަވަރު ކިޔައިދޭން ފެށިއެވެ.

“އަހަންނަށް ޖިޔާގެ ރަޙުމަތްތެރިއަކަށްވެސް ނުވެވޭނެތަ” ނާވީ އެނދުގައި ކައިރީގައި ހުރި ގޮނޑި އެނދާއި ކައިރިއަށް ޖައްސާލަމުން އޭގައި އިށީނެވެ. އޭނާ ވާހަކަދެއްކީ ކިރިޔާ ޖިޔާއަށް އިވޭހާ މަޑުންނެވެ.

“ކީއްކުރަން މިތަނަށް ތިއައީ، ކާކު ނާވީ ގާތު އަހަރެން ހޮސްޕިޓަލުގައި އޮތް ވާހަކަ ބުނީ” ޖިޔާ ހިތްހަމަނުޖެހިފައި އޮތްގޮތަކަށް ބުންޏެވެ.

“މިތަނަށް އަންނަން އެނގުނީ ޒުހާގެ ފަރާތުން، ދެން އަހަރެންގެ ސުވާލަށް ޖަވާބެއް ދޭންވީނު” ނާވީ މިހެންބުނެ ޖިޔާގެ މޫނަށް ބަލާލިއެވެ. އޭނާ އޮތީ ނާވީއަށް އޭނާގެ މޫނު ނުފެންނާނޭހެން އަނެއްފަރާތަށް މޫނު އަނބުރާލައިގެންނެވެ.

“ބޭނުމެއްނޫން” ޖިޔާގެ ޖަވާބު ނާވީ ހީކުރިވަރަށްވުރެ ކުރެވެ. ނަމަވެސް އޭނާގެ ކިބައިން ޖިޔާ އެހާ ފަސޭހައިން ސަލާމަތްވިޔަ ދޭކަށް މިއަދު ބޭނުމެއްނޫނެވެ.

“ބޭބީ ވަރަށް ލޯބި، ޖިޔާ އާއި ވައްތަރުގޮތެއް އެބަހުރި، އެކަމަކު ބޮޑަށް ވައްތަރީ ބައްޕަ އާއި ދޯ” ނާވީ ގޮނޑިން ތެދުވެގެން އައިސް ޖިޔާގެ ދަރިފުޅު ލާފައި އޮތް ކުޑައެނދުގެ ކައިރީ މަޑުކޮށްލަމުން އޭގައި އޮތް ކުއްޖާއަށް ބަލާލާފައި ބުންޏެވެ. ނާވީ އާއި ދިމާލަށް ނުބަލަން އޮވެފައިވެސް ޖިޔާއަށް ބަލާލެވުނެވެ. ވާނީވެސް އެހެންތާއެވެ. ނާވީ ނޫނީ އަދި އެކަކުވެސް އޭނާގެ ދަރިފުޅު ވައްތަރީ އެކުއްޖާގެ ބައްޕަ އާއިއޭ ބުނި އެކަކުވެސް ނެތެވެ. ކޮންމެ މީހަކުވެސް އެދަރިފުޅު ވައްތަރުކުރަނީ އެކުއްޖާގެ މަންމަ އާއިއެވެ. ޖިޔާ އާއިއެވެ.

“ނާވީ މިތަނުން ދޭ، ޕްލީޒް، މަންމަ އަތުވެދާނެ” ޅަކުއްޖަކު ފަދައިން ޖިޔާ މިހެން ބުނި އިރު އޭނާގެ އަޑުގައި ކުރިން ހުރި ހަރުކަށިކަން ފިލައިގެން ހިނގައްޖެއެވެ.

“ޖިޔާ އަހަރެންގެ ރަޙުމަތްތެރިއަކަށް ވާން ބޭނުންނުވަނީ ކީއްވެތޯ އެނގެން އަހަރެން ބޭނުން، އޭރުން މިތަނުން ދާނީ” ނާވީ މިހެން ބުނެ އަނެއްކާވެސް އައިސް ޖިޔާގެ އެނދުކައިރީ މަޑުކޮށްލިއެވެ.

“މިހާރަކު ނޫން، ފަހުން” އިރުކޮޅެއް ވަންދެން އެއްޗެއް ނުބުނެ އޮވެ ޖިޔާ ބުނެލިއެވެ. ހަޤީޤަތުގައި އޭނާއަށް ބުނާނޭ އެއްޗެއް ނޭނގުނީއެވެ. ނާވީ އާއި ރަޙުމަތްތެރިކަން ނުބޭއްވޭނެ އެއްވެސް ސަބަބެއް އޭނާގެ ހިތާ ސިކުނޑިއަކަށް ނުވިސްނުނެވެ. މި ފަހކަށް އައިސް އޭނާގެ ޟަމީރުވެސް ނާވީ އާއި މެދު ވިސްނަން މަޖުބޫރުކުރާ ކަހަލައެވެ. ތަފާތު އިޙްސާސްތަކެއް ހިތެއް ކުރެވެމުން ދިޔަޔަސް އެއިޙްސާސްތަކަށް އިޖާބަދޭން ޖިޔާ ބިރުގަންނަނީއެވެ.

“މިނޫނީ ދެން އަހަންނަކަށް ހިޔެއްނުވޭ ޖިޔާ އާއި މިހާ ގާތުން ބައްދަލުވެވޭނެހެން، ޖިޔާ އަބަދުވެސް މަސައްކަތްކުރަނީ އަހަންނާއި ދުރަށް ދިއުމަށް، އެހެންވީމަ އަހަންނަށް އެއްވެސް އުންމީދެއްނެތް ޖިޔާ ފަހުން އަހަންނާ ބައްދަލު ކުރާނެކަމަކަށް، މިއަދު މިވަގުތު އަހަރެންގެ ޖަވާބު ހިފައިގެން ނޫނީ އެނބުރިދާކަށް ގަސްދެއްނުކުރަން” ނާވީ، ޖިޔާގެ މޫނަށް ބަލަހައްޓައިގެން ހުރެ ބުންޏެވެ.

“ނާވީ އަހަންނަށް މަޖުބޫރުކުރުވަނީތަ، މަޖުބޫރުން ކަންކަން ކުރުވާފަދަ މީހެއްތަ ތީ” ޖިޔާ ވެސް ވާހަކަދެއްކީ ނާވީއަށް ބަލަންއޮވެއެވެ. ދެމީހުންގެ ހަތަރުކަޅި ބައްދަލުވުމުން ދެހިތުގައިވެސް ނޭނގޭ ދަމާބާރެއްގެ އޮއެވަރު އުފެދިގެން ދިޔަހެން ދެމީހުނަށްވެސް ހީވިއެވެ. ފުރަތަމަ ނަޒަރު ވަކިކޮށްލީވެސް ޖިޔާއެވެ.

“އަހަންނަށް އިތުބާރު ނުކުރާއިރު، އަހަރެން ޖިޔާއަށް އިތުބާރުކުރަންވީ ކީއްވެ” ނާވީ ހުރީ ވަރަށް ސާބިތުކަމާއިއެކު ނުގުޑާފަދަ އަޒުމަކާއިގެންނެވެ.

“އަހަރެން ނާވީ އާއި ވާހަކަދައްކާކަށް ބޭނުމެއްނޫން، ޕްލީޒް ދެން ދޭ، ޕްލީޒް މިތަނުން ދޭބަލަ” ޖިޔާ ހިތްހަމަނުޖެހުން ފާޅުކުރަން އުޅުނަސް އޭނާއަކަށް އެކަމެއްވެސް މިފަހަރު ނުވިއެވެ. ބާރަށް އަނގައިނުބުނެވުނީ ވަށައިގެން މީހުން އުޅޭތީއެވެ. ނާވީގެ ކުރިމަތިން ދުރަށް އޭނާއަށް ދެވޭކަށް ނެތެވެ. އެއްގޮތަކަށްވެސް ނާވީ އާއި މިފަދަ ހާލެއްގައި ޖިޔާ އޮއްވައި ބައްދަލުވެދާނެކަމަކަށް ހީކުރެވިފައިނެތެވެ.

“އަހަރެން ފޮނުވާލަން ބޭނުންވާނަމަ އަހަރެން ބޭނުންވާ ޖަވާބު ދީބަލަ، އޭރުން އަހަރެން މިތަނުން ހިނގައިދާނަން” ނާވީ އޭނާގެ ގޮތުގައި ހިފޭއްޓިއެވެ.

“އަހަންނަކަށް ނޭނގޭ ތިސުވާލަށް ދޭނެ ޖަވާބެއް، އެހެންވިޔަސް މިބުނަނީނު އަހަރެން ބޭނުމެއްނެތޭ ނާވީ އާއި އެއްވެސް ގުޅުމެއް ބާއްވާކަށް، މިވަރަށް ކަންނޭނގެ ޖަވާބު ދެވޭނީ، ދެން ދާން އުޅޭ މިތަނުން، އަހަރެން ބޭނުމެއްނޫން ނާވީ ހުއްޓާ މިތަނަށް މަންމަ އަންނާކަށް” ޖިޔާ ބުންޏެވެ. ނާވީ މަޑުމަޑުން އެނދުމަތީ ބާއްވާލާފައި އޮތް ޖިޔާގެ އަތުގައި ހިފާލިއެވެ. އެހިނދު ޖިޔާ ނާވީގެ އަތްތިލައިގެ ތެރެއިން އޭނާގެ އަތްދަމައިގަންނަން އުޅުނެވެ. ނަމަވެސް ނާވީގެ މުށުތެރޭގައި އޮތް ޖިޔާގެ އަތްތިލައަށް ފިތާލަމުން ބާރުކޮށްލިއެވެ.

“ޖިޔާ އަހަރެންދެކެ ކިތަންމެ ފޫހިވިޔަސް އަހަރެން ޖިޔާގެ ފަހަތުން ނުނެއްޓޭނަން، އަބަދުވެސް އުޅޭނީ ފެންނަ ހިސާބުގައި، ކޮންމެގޮތަކަށް އަހަންނާއިމެދު ކަންތައްކުރިޔަސް ހީނުކުރާތި އަހަރެން ޖިޔާދެކެ ފޫހިވާނޭ ކަމަށް، އަހަރެން މިއަދު ޖިޔާ އާއި ކުރަމަތިލާން މިއައީ މީ އަހަރެން ބޭނުންވާގޮތްވީމަ، އަހަރެން ބޭނުންވާ ހިސާބަށް ޖިޔާ އަހަރެން ނުގެންދާނެކަންވެސް އެނގޭ، އެކަމަކު ރަޙުމަތްތެރިއެއްގޮތުގައި އެޓްލީސްޓް އަހަރެން ޤަބޫލުކުރެވިދާނެ އެންނު، އަހަރެން ޖިޔާއަށް އެހެން ގޮތަކުން އުނދަގުލެއް ނުކުރާނަން، އެކަމަކު އަހަންނަށް ރަޙުމަތްތެރިވުމުގެ ފުރުޞަތުދީ، ޕްލީޒް، އަހަރެންވެސް އާދޭސް މިކުރަނީ” ނާވީގެ އަޑުވެސް ބަދަލުވެގެން ހިނގައްޖެއެވެ.

“އެހެންވީރު މިތަނުންދޭ” ޖިޔާ އަވަސް އަވަހަށް ބުންޏެވެ.

“ތީގެ މާނަޔަކީ އަހަންނަކީ ޖިޔާގެ ރަޙުމަތްތެރިއެއްގެ ގޮތުގައި ބަލައިގަންނާނަމޭތަ” ކުއްލިއަކަށް ހިނިއައިސްފައި ނާވީ އަހާލިއެވެ.

“ދެން ފަހުން ވާހަކަދައްކާނީ، މިހާރު ދެން ދޭ، ޕްލީޒް، އަހަރެން ފަހުން ވާހަކަދައްކަފާނަމޭ، އެގޮތް އެންމެ ރަނގަޅެންނު” ޖިޔާ ބޭނުންވީ ނާވީ އެތަނުން ފޮނުވާލާށެވެ.

“އަހަރެން މިރޭ ޒުހާގެ ފޯނަށް ގުޅާނަން، ޖިޔާ އާއި ވާހަކަދައްކަން، ފޯނަށް ޖަވާބު ދެއްޗޭ” ނާވީ އުންމީދުން ފުރިގެންވީ ފަދަ ގޮތަކަށް ބުނެލިއެވެ.

“މިހާރަކު ނޫން، އަހަރެން ހޮސްޕިޓަލުން ގެއަށް ފޮނުވާލީމަ ވާހަކަދައްކާނަން” ޖިޔާ މިހެން ބުނެލީ އެއްގޮތަކަށްވެސް އެގޮތަށް ކަންތައް ކުރަން ބޭނުންވެގެންނެއް ނޫނެވެ. ހަމައެކަނި ނާވީ ފަސޭހައިން އެތަނުން ފޮނުވާލެވޭނީ އެފަދަ ޖަވާބެއް އޭނާއަށް ދިނުމުންކަން ޖިޔާއަށް އެނގޭތީއެވެ.

“މައްސަލައެއްނެތް، އެހާތަނަށް އަހަރެން ޖިޔާއަށް އިންތިޒާރުކުރާނަން” ނާވީ މިހެން ބުނެ ޖިޔާގެ އަތުން ދޫކޮށްލިއެވެ. އަދި ނުކުމެގެން ދަމުން ޖިޔާގެ ދަރިފުޅުގެ ކޮލުގައި ކޮއްޓާލާފައި ލޯބިން ބަލާލިއެވެ.

“ކާކު އެ ދިޔައީ” ޖިޔާގެ އެނދުކައިރިން މީހަކު ނުކުމެގެން ދިޔަ މަންޒަރު ވޯޑަށް ވަންނަން އައި ޝާކިރާއަށް ފެނުނެވެ. އެހެންވެ ޒުހާ އާއި ޒީޝާ އާއި އަރާ ހަމަކޮށްފައި ޝާކިރާ އެމީހުންގެ ގާތުން އެހިއެވެ.

“އެއީ… އެއީ ޖިޔާގެ ރަޙުމަތްތެރިއެއް، ހޮސްޕިޓަލުން ދިމާވެގެން ގޮވާލަން ވަނީ” ބުނާނެ އެއްޗެއް ނޭނގިފައި ޒުހާ ގަބުވެފައި ހުއްޓައި ޒީޝާ އަޅަ އަޅައި ގަންނަމުން ބުނެލިއެވެ. ޝާކިރާ އިތުރު ސުވާލެއް ނުކޮށް ޖިޔާގެ ގާތަށް ދިޔައެވެ. އެތަން ބަލަން ތިބި ޒުހާ އާއި ޒީޝާ އެކަކު އަނެކަކަށް ބަލާލާފައި ލޮލުން އިޝާރާތްކޮށްލިއެވެ. އަދި ދެމީހުންވެސް ފުންނޭވާއެއް ބޭރުކޮށްލާފައި ޝާކިރާގެ ފަހަތުން ވަނެވެ.

“މީ ދެންމެ ނުކުމެގެން ދިޔަ ކުއްޖާ ގެނައި އެއްޗެއްތަ” ޝާކިރާގެ ލޮލުގައި ވަގުތުން އެނދު ކައިރީ ހުރި މާބޮނޑި އަޅައިގަތުމާއިއެކު ބުންޏެވެ. ޖިޔާއަށް އެއްޗެއް ބުނާކަށް ނުކުރުނެވެ. އޭނާ ބަލާލީ އެނދުގެ ފައިލާކޮޅުގައި ތިބި ޒީޝާ އާއި ޒުހާއަށެވެ. މިފަހަރުވެސް އަނގައިން ބުނީ ޒީޝާއެވެ. އޭނާ “ހޫން” ލައްވާލިއެވެ.

“ހާދަ ރީތި މާތަކެކޭ ދޯ، ހުސް ފިނިފެންމާ، ޒީޝާ، މިވަރުގެ މާބޮޑިއެއް ވަރަށް އަގުބޮޑުވާނެ ދޯ” އަތުގައި އޮތް މާބޮނޑީގެ މާތަކުން ވަސްބަލަމުން އެމާތުކުގެ ފިޔަތަކުގައި ފިރުމަމުން ޝާކިރާ އަހާލިއެވެ. އެވަގުތު ލާނެތްގޮތަކަށް ތިންބެއިން އެކަކު އަނެކަކަށް ބަލާލާފައި ހީނލިއެވެ.

“އާން! ވަރަށް އަގުބޮޑުވާނެ، އަނެއްކާ ހުސް ފިނިފެންމާވީމަވެސް އަގުބޮޑުވާނެއެންނު” ޒީޝާ ބޭނުންވީ ގަސްދުގައި އޭނާގެ މަންމަގެ ހިތް އެމާބޮނޑިއަށް ލަންބުވާލުމަށެވެ.

“މަންމާ، މިރޭ އަހަންނާއި ޒުހާ އިނދެފާނަން ޖިޔާ ގާތު، މަންމަ ހެނދުން އަންނަން ދާންވީނު” ޒީޝާ ހުރީ ޖިޔާ އާއިއެކު އެކަނިވެލަން ބޭނުންވެފައެވެ. އޭނާ ބޭނުންވަނީ ނާވީގެ ވާހަކަ ޖިޔާ އާއި ދައްކާށެވެ. އެވާހަކަ ޝާކިރާ ހުއްޓައި އެއްގޮތަކަށްވެސް ނުދެއްކޭނޭކަން އެނގޭތީއެވެ.

“ތެދެއް މަންމަ ދާންވީނު، ދަމުން މި މާބޮނޑިވެސް ގެންދައްޗޭ، އެހެންނޫނީ ފެނަށްނުލާ ހުއްޓަ މާތަށް މޯޅިވެދާނެ” ޒުހާ، ޝާކިރާގެ ގާތަށް ޖެހިލައި މާތަކުގައި އަތްހާކާލަމުން ބުންޏެވެ.

“އުހޫން! ކޮންމެހެން ކަލޭ ހުންނާނެ ކަމެއްނެތް، މަށާއިއެކު ވާނީ ދާން، ސްކޫލަށް ނުގޮސް މިއަދުވެސް ތިހިރީ، ކޮންމެދުވަހަކު އެހެނެއް ނުހެދޭނެ، އިރުއޮއްސުނީމަ އަހަންނާއިއެކު ޒުހާވެސް ޖެހޭނީ ދާން، ޒީޝާއަށް އެކަނި މިތާ މަޑުކޮށްލެވޭނެ، އެހެންނު ޒީޝާ” ޝާކިރާ، ޒީޝާއަށް ބަލާލަމުން މިހެން ބުނުމުން ޒުހާގެ ތުންކޮޅު އޫވެގެން ދިޔައެވެ. އެނދުގައި އޮތް ޖިޔާގެ ގާތަށް ހިނިއައި އެހެންވެއެވެ. ޒުހާގެ ޕްލޭންތައް ފެއިލްވީމައެވެ.

“ރަނގަޅު، އޭނާ މިތާ ބަހައްޓާނޭކަމެއްނެތް، މާ އަނގަގަދަވެގެންނޭ މީނާ އުޅެނީ، މީސްމީހުން ކައިރީ ނުދައްކާކަށް ވާހަކައެއް އޮންނަނީއެއްނޫންވިއްޔާ” ޖިޔާ މިހެން ބުނެލީ ޒުހާއަށް އޭނާ އޮތީ ހިތްހަމަނުޖެހިފައިކަން އަންގާލުމުގެ ގޮތުންނެވެ.

ޒުހާ ދެރަވެފައި ހުރި ފަދަ ގޮތަކަށް ޖިޔާއަށް ބަލާލާފައި މެޔާއި ދިމާލުން ދެއަތް ހުރަސްކޮށްލިއެވެ. ޝާކިރާ ގެއަށް ދިއުމުގެ ކުރިން ޒީޝާއަށް ޖިޔާ އާއި އޭނާގެ ދަރިފުޅާއިމެދު ކަންތައްކުރަންވީ ގޮތް ކިޔާދެމުން ދިޔައެވެ. މިފަދަ ވަގުތެއްގައި ޖިޔާ ހިތްހަމަނުޖެހޭނޭ އެއްވެސް ކަމެއް ކުރާކަށް ޝާކިރާ ބޭނުމެއްނޫނެވެ. ނަމަވެސް އޭނާއަށް އަދިވެސް ނިދިފައި އޮތް ތުއްތުކުއްޖާއަށް ބެލެނީއެވެ. އެކުއްޖާގެ މޫނުމަތިން އޭނާ ރިހާމު ހޯދާކަހަލައެވެ. ޖިޔާ އާއި ރިހާމު ގާތްކޮށް އަލުން ގުޅުވަން ބޭނުންވިޔަސް ޝާކިރާއަށް އެކަމުގައި ކުރެވޭނޭ ކަމެއް ނެތެވެ. ރިހާމަށް ގުޅާ ގުޅާ ފޯނެއްވެސް ނުނެގިއެވެ. ހޯދަން ދާނޭ ތަނެއް އޭނާއަކަށް ނޭނގެއެވެ. އެއްވެސް އިރެއްގައި ރިހާމު އޭނާގެ ގާތުގައި އުޅޭ އެޑްރެހެއް ނުބުނެއެވެ. ދެން ޖެހޭނީ ޖިޔާގެ ގާތުގައި އަހާށެވެ. މިވަގުތު ރިހާމުގެ ވާހަކަ ޖިޔާގެ ގާތުގައި ދެއްކުމަކީ އެކަމުން މާރަނގަޅު ނަތީޖާއެއް ނުކުންނާނޭ ކަމެއް ނޫންކަން ޝާކިރާއަށް ވިސްނެއެވެ.

* * * *

ވިސްނުމަށްފަހު ޑޮކްޓަރުގެ ލަފަޔާއިއެކު ޒުކަންމެންގެ ދެމަފިރިން ނިންމީ ސިންގަޕޫރަށް ފުރުމަށެވެ. އެނބުރިއަންނާނީ ވިހައިގެން ކަމުގައި ބުނެފައެވެ. ތަހުމީނާ ގާތު އެމީހުންނާއިއެކު ދިއުމަށް ޒުކަން އެދުނެވެ. އެހެންނަމަވެސް އެކަމާ ތަހުމީނާ ދެކޮޅު ހެދީ އޭނާއަކީ މަތިންދާ ބޯޓަށް އަރަން ބިރުގަންނަ މީހަކަށް ވީމައެވެ. ހަމައެއްގޮތަކަށްވެސް ޒުކަން ބުނެބުނެ އެއްބަހެއްނުވިއެވެ. އެންމެފަހުން އިބާވެސް ތަހުމީނާ ގާތުން އެމީހުންނާއިއެކު ދިއުމަށް އެދުނެވެ.

“ދަރިފުޅާ، ވިހައިގެން އަވަހަށް އާދޭ މިކޮޅަށް، މަންމަ ނެތަސް، މަންމައަށް އެނގޭ އެކޮޅުގައި ދަރިފުޅުގެ ގާތުގައި ޒުކަން ހުންނާނެކަން، އޭނާ ދަރިފުޅަށް ބޭނުންވާނޭ ހުރިހާ ކަމެއް ކޮށްދޭނެކަން އެނގޭ، އަނެއްކާ މިތަނުގެ ހޮސްޕިޓަލްހެނެއް އެތަނަކު ނުވާނެއޭ ޒުކަން އެބުނީނު، ދަރިފުޅަށް އަޅާލަން ގާތުގައި އެތަށް ނަރުހުންނެއް ތިބޭނެ، ދެން އަވަހަށް ތައްޔާރުވާން އުޅޭ، ރޭގަނޑުކައިގެން ކިރިޔާ އެއަރޕޯޓަށް ދެވޭނީ” މިހެންބުނެ ތަހުމީނާ ރީތިވާ މޭޒުކައިރީ އިށީނދެލައިގެން އިން އިބާގެ ބޮލުގައި ފިރުމާލިއެވެ. ޒުކަން އެނދުމަތީ އޮތް ފޮށި ލައްޕާލުމާއިއެކު ނަގާ ތިރީގައި ބަހައްޓާލިއެވެ.

“ހުރިހާ ބޭހެއް އިބާގެ ހޭންޑްބޭގަށް ލާފަ ދޯ ހުންނާނީ” ޒުކަން ހަނދާންކޮށްދޭފަދަ ގޮތަކަށް ބުނެލިއެވެ. އެހިނދު އިބާ އާނއެކޭ ބުނުމުގެ ގޮތުން ބޯޖަހާލިއެވެ.

އިރުއޮއްސި ހަތެއްޖަހަން ވީއިރު ކާމޭޒު ދޮށަށް ޢާއިލާ އެއްވެއްޖެއެވެ. މިރޭ އެހެން ރޭރެއަށްވުރެ ކުރިން ކާރެއެކެވެ. ޒުކަންމެންގެ ދެމަފިރިން ފުރަން އުޅޭތީއެވެ. އަނެއްކޮޅުން ކައިގެން އިރުގަނޑެއް ފަހުން ނޫނީ އިބާއަށް ތެދުވެއުޅެން އުނދަގޫވާތީ އާއިއެކުވެސްމެއެވެ. މަދުދުވަސްކޮޅަކަށްވިޔަސް ތަހުމީނާގެ ލޯމަތިން އިބާ ގެއްލޭތީ އެކަމާ އޭނާ އިނީ ދެރަވެފައެވެ. އިބާއަކީ މިހާރު ކުރީގެ އިބާއެއް ނޫނެވެ. އެހެންވެ ތަހުމީނާއަށްވެސް އިބާދެކެ ދަރިއެއްފަދައިން ލޯބިވަނީ ޖެހިފައެވެ. އަންހެން ކުއްޖެއްގެ ދިރިއުޅުމުގައި ކުރިމަތިވާ އެންމެ ކެތްތެރިވާންޖެހޭ ވަގުތު ކަމުގައި ވިހެއުމުގެ ވަގުތުވާނޭ ކަމުގައި އޭނާ އިބާއަށް ވިސްނައިދީ ނަސޭހަތްތެރިވިއެވެ. އެދެމަފިރިން އެކުގައި ގެއިން ނުކުންއިރު، އިބާގެ އެންމެ ގާތުގައި އޭނާގެ އަތުގައި ހިފާއްޓައިލައިގެން ތަހުމީނާ ހުރިއިރު އޭނާގެ ދެލޯވަނީ ފެންކަޅިވެފައެވެ.

“ދަރިފުޅާ ޒުކަން، އިބާ އާއި ދުރަށް ނުދައްޗޭ، އޭނާއަށް ކަމެއްބޭނުންވެދާނެކަމަށް ދަރިފުޅުވާނެ އަބަދުވެސް އިބާގެ އެންމެ ގާތުގައި ހުންނަން، މަންމަގެ ލޯމަތިން މާދުރަށްތިދަނީ، މާމަ ދަރިފުޅާއި ޅީދަރިފުޅު ހެޔޮހާލުގައި މަންމަގެ ގާތަށް ގެނެސްދޭންވާނެ” ތަހުމީނާ ޒުކަންއަށް ބުންޏެވެ. ޒުކަން އޭނާގެ މަންމަގެ ގެނެސް ގަޔާއި ކައިރިކޮށްލަމުން އިބާއަށް އެއްވެސް ކަމެއްވިޔަ ނުދޭނަން ކަމުގައި ބުންޏެވެ. އަދި ގޭ ދޮރުމަތީ އޮތް ކާރުގައި ދުއްވަން އިން ބުޝްރީއަށް ޒުކަން ބަލާލިއެވެ.

“އަހަރެން ނެތަސް، ބުޝްރީވާނެ މިގެއަށް ޖައްސާލާ މަންމަގެ ހާލު ބަލާލަދޭން، އެހާ އަވަހަކަށް އަހަންނަކަށް ނާދެވޭނެ، މަންމަވެސް ކަމެއް ބޭނުންވެފައި ހުރިއްޔާ ބުޝްރީގާތު ބުނެލުމުން އޭނާ އެކަމެއްކޮށްދޭނެ، އެކޮޅަށް ދެވުނުހާ އަވަހަކަށް އަހަރެން މަންމައަށް ގުޅާނަން، ދެން ދަނީ” ޒުކަން ތަހުމީނާ އާއި ވަކިވުމުގެ ސަލާމުކޮށްލިއެވެ. އަދި ކާރަށް އިބާ އެރުމުގައި އެހީތެރިވެދިނުމަށްފަހު އޭނާވެސް ކާރަށް އަރާ ހަމަޖެހިލައިފިއެވެ. އެއާއިއެކު ބުޝްރީ ކާރު ދުއްވާލީ އެއަރޕޯޓަށް ދިއުމަށްޓަކައި އެމީހުންނަށް ތައްޔާރުކުރެވިފައި އޮތް ލޯންޗާއި ދިމާލަށް ދިއުމަށެވެ.

* * * *

ގެއަށް އައިފަހުން ޖިޔާގެ އަތުގައި ދަރިފުޅު ޖެހެނީ ހަމައެކަނި އެކުއްޖާ ބަނޑުހައިވެގެން ރޯންފެށީމައެވެ. އެހެންނޫނީ އެދަރިފުޅުގެ ކަންތައްތައް ކޮށްދެނީ ޢާއިލާގެ ދެންތިބި މީހުންނެވެ. ކުޑަކުޑަ ޢާއިލާއަކަށްވިޔަސް އެ ޢާއިލާތެރެއަށް އުފާވެރިކަން އެކުއްޖާ ގެނެސްދީފައި ވެއެވެ. ޖިޔާގެ ދަރިފުޅަށް ނިންކިޔުމުގެ ހުރިހާ ކަމެއް ނިމިގެން ދިޔައިރު ޝާކިރާ އާއި ޖިޔާ އާއި ދެމެދު އުފެދުނު ޚިޔާލުތަފާތުވުންވެސް ނިމުމަކަށް އަތުވެއްޖެއެވެ. މިހާރު އަނެއްކާވެސް ޝާކިރާ އާއި ޖިޔާ ވާހަކަދައްކައެވެ. އެކުން މައްސަލަޖެހުނީ އެ ތުއްތުކުއްޖާއަށް ނަންކިޔަން ނިންމި އިރު އެކުއްޖާގެ ބައްޕަގެ ނަން ފަހަތަށްލުމަށް ޝާކިރާ ޚިޔާލު ދިނުމުންނެވެ. އޭނާ ބޭނުންވީ ރިހާމުގެ ނަން ފަހަތަށް އަންނަގޮތަށް ނަންކިޔުމަށެވެ. ނަމަވެސް އެކަމާ ޖިޔާ ދެކޮޅު ހެދިއެވެ. ރިހާމާއި އެކުއްޖާ އާއި އެއްވެސް ގުޅުމެއްނެތްކަމުގައި ޖިޔާ ބުނެ އެކުއްޖާގެ އެއްވެސް ކަމަކާ ރިހާމާއި ގުޅުވަން ބޭނުންނުވާކަމުގައި ޖިޔާ ބުންޏެވެ. އެންމެފަހުން ނަންކީއިރު ނަން ފާސްކޮށް ރަޖިސްޓަރީ ކުރެވުނީވެސް ބައްޕަގެ ނަން ފަހަތަށް ނުހިމަނައެވެ. އޭގެ އިތުރުން ޝާކިރާވަނީ ޖިޔާ ވިހައިގެން ގެއަށް އައިރު އޭނާއަށްޓަކައި ވަކިން ކޮޓަރިއަށް ތައްޔާރުކޮށްދީފައެވެ. ކުޑަދަރިފުޅަށް ބޭނުންވާނޭ ހުރިހާ ސާމާނެއްވެސް ވަނީ ހަމަކޮށްދީފައެވެ. ޝާކިރާއަކީ ރުންކުރު އަންހެނަކަށްވިޔަސް އޭނާއަކީ ނުބައި މައެކޭ ބުނާކަށް މިހާރު ޖިޔާ ބޭނުމެއްނޫނެވެ. މިއަދު އޭނާއަށް މަންމައެއްގެ ފަރާތުން ލިބެންވާ ލޯތްބާއި އަޅާލުން ޝާކިރާ އެބަދެއެވެ. ހިތްހަމަނުޖެހޭ ބައެއްކަންކަން ފެނުނުކަމުގައިވިޔަސް ޝާކިރާ ޖިޔާދެކެ ލޯބިވާކަން އޭނާއަށް އެނގެއެވެ. އަނެއްކޮޅުން އޭނާގެ މަންމައަށް ރިހާމާއިއެކު އުޅެން ބޭނުންނުވާ ކަމާއި ލިބިފައިވާ ދަރިފުޅަކީ ރިހާމުގެ ދަރިއެއް ނޫންކަން ބުނެދޭނެ ގޮތެއް ޖިޔާއަކަށް ނުވިސްނެއެވެ. އޭނާ ބުންޏަސް ޝާކިރާ އެކަން ޤަބޫލުކުރަން ބޭނުންނުވަންޏާ ދެން ހަދާނެ ގޮތެއް ޚުދު އޭނާގެ ސިކުނޑިއަށާއި ހިތަށް ނުގެނެވީއެވެ.

ތިންމަސް ދުވަސް ވޭތިވެގެން ދިޔައިރު ޖިޔާ އާއި ނާވީގެ ގުޅުންވަނީ ކުރިއާއި ޚިލާފަށް ބަދަހިވެފައެވެ. ޖިޔާ ވިހައިގެން ގެއަށް އައިފަހުން ނާވީ އޭނާއަށް ގުޅިއެވެ. ނަމަވެސް ޖިޔާ، ނާވީ އާއި ވާހަކަދެއްކީ އޭގެ އެތަށް ދުވަހެއް ފަހުންނެވެ. އެވެސް ޒުހާ އާދޭސްކޮށްކޮށް ވަރުބަލިވީފަހުންނެވެ. އެހެންނަމަވެސް ޖިޔާ އާއި ނާވީގެ ދެމެދު ރަޙުމަތްތެރިކަމުގެ ގުޅުމެއް މިހާރުވަނީ އުފެދިފައެވެ. ޝާކިރާވަނީ ޖިޔާގެ އުފަންދުވަހުގެ ހަދިޔާއަކަށް ފޯނެއް ގަނެދީފައެވެ. އެކަންވެސް ވީ ޖިޔާ އާއި ނާވީ އާއިދެމެދު އޮތް ގުޅުން އިތުރަށް ބަދަހިވެގެން ދިޔަ ކަމަށެވެ. ދަރިފުޅު ގޮވައިގެން ޖިޔާ ބޭރަށް ނުކުމެލާ ގިނަ ފަހަރުތަކުގައި އޭނާގެ ގާތުގައި ނާވީ ހުރެއެވެ. ނަމަވެސް، އަދިވެސް އެދެމީހުން އެކަނި ބައްދަލުކުރަން ޖިޔާ ޖެހިލުންވެއެވެ. އެހެންވެ އެމީހުންނާއިއެކު ޒުހާ ހުރެއެވެ. އެކިކަހަލަ ކުދިކުދި ހަދިޔާ ޖިޔާއަށް ފޮނުވަމީ ނާވީގެ ހިތަށް ހަމަޖެހުން ލިބޭ ކަމަށްވަނީ ވެފައެވެ. އެހަދިޔާތައް ފެނުމުން ޖިޔާއަށްވެސް ބުނެދޭން ނޭނގޭ ހިތްހަމަޖެހުމެއް ލިބިގެން ދެއެވެ. ޒީޝާ، ނާވީ އާއި ޖިޔާއަށް ސަމާލުކަން ދެއެވެ. އޭނާ ޖިޔާގެ ގާތުގައި ނާވީ ބެހޭގޮތުން އެކިއެކި ސުވާލުކުރެއެވެ. އޭގެ އިތުރުން ޒުހާ އާއި ދެބެންވެގެން ޖިޔާގެ ދިރިއުޅުމަށް ނާވީ ގެންނާނޭ ގޮތަކާއިމެދު ސައްލާތައް ކުރެއެވެ.

“ޒުހާ ޔަގީންތަ ޖިޔާވެސް މިހާރު ނާވީ ދެކެ ލައިކްވާކަން” ކޮޓަރީގައި އިން ޒީޝާ ހިތްއަވަސްވެފައި އިނދެ އަހާލިއެވެ.

“ހޫމް! ޔަގީން ނުވިޔަސް ވަރަށް ބޮޑަށް ހީވޭ، ޒީއްތައަށް ނުފެނޭތަ ނާވީ ގުޅީމަ ޖީ އުޅޭ ގޮތެއް، އަވަސް އަވަހަށް އެންމެނަށް ފިލާނެ ފޯނު ހިފައިގެން” ޒީޝާގެ އެނދުމަތީ އައިޕެޑް ހިފައިގެން އޮތް ޒުހާ ލާނެތްގޮތަކަށް ހީނލާފައި ބުންޏެވެ.

“އެދެމީހުން ދެން ދައްކަނީ ކޮންވާހަކައެއްތަ، ޒުހާ އަޑެއްނާހަންތަ، މިހާރު ރައްޓެހިވެގެންތަ އުޅެނީ” ޒީޝާ ޝައުގުވެރިވެފައި އިންވަރުން އަހާލިއެވެ.

“ޖީ އެހެންހުއްޓަސް ވަރަށް ފިނޑިވާނެ، އަދި އެއަށްވުރެ ފިނޑިވާނެ ނާވީ، އެދެމީހުން ކުރެ އެކަކަށްވެސް އެހިސާބަށް ދާކަށް ނުކެރޭނެ، ޖީ ފޯނުން ވާހަކަދައްކަންވީމަ އެކޮޓަރީގައި އަހަރެން ހުއްޓަސް އަވަހަށް ނެރޭނެ، އެހެންވީމަ ނޭނގޭ އެދެމީހުން ދައްކަނީ ކޮންވާހަކައެއްކަމެއް، ޒީއްތާ، ޒީއްތައަށް ކަމުދޭތަ ނާވީ” ޒުހާ ކުރުއަތްމައްޗަށް އޮވެ ޒީޝާ އާއި ދިމާލަށް އެނބުރިލާފައި އަހާލިއެވެ.

“ވަރަށް ރަނގަޅު ކުއްޖެއްހެން ހީވަނީ، ޖިޔާ ވަރަށް އުފަލުގައި ގެންގުޅޭނެހެން ހީވަނީ، އެކަމަކު ފިރިހެނުންގެ ގޮތެއް ނޭނގޭނެ ދޯ، އެހާވަރުން އުޅެފަވެސް ދޫކޮށްލާފަ ދާންވީމަ ހިނގައިދާނެ، ހުރިހާ ދެރައެއް އަންހެނުންނަށް، ހިތަށް އަރާ ރަނގަޅު ގޮތަކަށް މިކަން ވާނެ ނަމައޭ” ޒީޝާ ފިކުރެއްގެ ތެރެއަށް ގެއްލި އިނދެ ބުންޏެވެ. އޭނާގެ ސިކުނޑީގައި އަދިވެސް ރިހާމުގެ ހަނދާންތައް ފޮރުވިފައި ވެއެވެ. ރިހާމު އޭނާއަށް ދިން ހިތްދަތިކަން ދުވަހަކުވެސް ހަނދާންނެތޭނެ ހެނެއްހިއެއް ނުވެއެވެ.

“ޒީއްތާ، މަންމަ ގާތު ނާވީ އާއި ޖީގެ ވާހަކަދައްކަންވީނު، މަންމަވެސް ލައިކްވޭ ކަންނޭނގެ ނާވީ ދެކެ، ރިހާމުހާ މުއްސަނދި ނޫނަސް ނާވީމެންގެ ފެމެލީ ވަރަށް ނައިސްހެން ހީވަނީ، އަހަންނަށް ހިޔެއްނުވޭ ނަވީ ގޯސްމީހަކަށް ވެދާނެހެން” ޒުހާ ހީވީ ވަރަށް ވިސްނާލާފައި ބުނިއެއްޗެއް ހެންނެވެ. ޒީޝާވެސް ބޯޖަހާލާފައި ޒުހާއަށް ހިނިތުންވެލިއެވެ.

“ދެން ހިނގާ ބޭބީ ކައިރިއަށް ދާން، މިހާރު ހޭލާކަންނޭނގެ އޮންނާނީ” ޒީޝާ އެނދުން ތެދުވަމުން މިހެން ބުނެލުމާއިއެކު އަވަސް އަވަހަށް ޒުހާ އެނދުން ފުންމައިލައިފިއެވެ. އަދި ޒީޝާގެ ފަހަތުން އެކޮޓަރިން ނުކުތެވެ.

ދެބެން އެކުގައި އައިސް ޖިޔާގެ ކޮޓަރިއަށް ވަންއިރު ޝާކިރާ އިނީ މާމަދަރިފުޅު ރީތިކުރާށެވެ. އެނދުގެ އެއްފަރާތުގައި ކުރުއަތްމައްޗަށް އޮށޯވެލައިގެން ޝާކިރާގެ ހަރަކާތްތަކަށް ސަމާލުކަން ދީގެން ޖިޔާއޮތެވެ.

“އިޝޫ ބޭބީ ހޭލީތަ، މަންމަ އަހަރެން އުރާލަން ދީބަލަ” ޒުހާ އަވަސް އަވަހަށް އައިސް ޝާކިރާގެ ގާތުގައި ދެކަކޫ ޖަހާލަމުން ބުންޏެވެ.

“ކޮން އިޝޫއެއްތަ، އެކުއްޖާއަށް ކިޔާ ނަމަމުން ކިޔާބަލަ، އިޝްވާ އޭ ކިޔާފަ ގޮވާނީ، ތި ފާޑުފާޑުގެ ނަންނަމުން މިކުއްޖާއަށް ގޮވާނެކަމެއްނެތް، ދޯ ދަރިފުޅާ، މީ މާމަ ކުއްޖެކޭ ދޯ” ޝާކިރާ އުނގުގައި އޮތް ތުއްތުކުއްޖާގެ ކޮލުގައި ކޮއްޓާލަމުން ލޯބިކޮށްލިއެވެ. އެވަގުތު އެތާ ހުރި ޒީޝާ، އެނދުގައި އޮތް ޖިޔާއަށް ބަލާލަމުން ހީނލީ ޝާކިރާ ބުނިއެއްޗަކުންނެވެ.

“ދެން މަންމަވެސް ދޯ، އިޝްވާ ކީމަ މާދިގޭ، ޝޯޓް އެންޑް ކިއުޓްކޮށްލާފަ އޭ މިހާރު ނަންކިޔަންވާނީ، މަންމަ ކިޔާ އިޝްވާ، އަހަރެން ކިޔާނީ އިޝޫ ބޭބީ، އެހެންކީމަ މާލޯބި ނޫންތަ ޖީ” ޒުހާ ތުންކޮޅު ތަޅުވާލާފައި ބުނެލިއެވެ. އަދި ޝާކިރާއަށްވުރެ ބޮޑަށް އެކުއްޖާ އާއި ގާތްވެލާފައި ލޯބިން ތޮޅެލިއެވެ.

* * * *

ދެކޮޅަށް ހިނގާލަ ހިނގާލަ ހުރި ތަހުމީނާގެ ކެތްތެރިކަން ކޮޅުންލާ ހިސާބަށް ހިނގައްޖެއެވެ. ގަޑިވެސް މިރޭ ހިނގާލެއް މާލަހެވެ. ކަމަކަށް އިންތިޒާރުކުރަންޏާ މީ އަބަދުވެސް ވާވަރެވެ. ހިތްއެކަމަކަށް އެދޭވަރުން ދެން ވަށައިގެން ހިނގާކަންތައްތައް ހީވާނީ މާލަހުން ހިނގާހެންނެވެ. އެހެންނަމަވެސް އަދިވެސް ތަހުމީނާ ކެތްކުރެވޭތޯ ބަލަމުން ދިޔައެވެ. އެގޮތަށްވެސް މާގިނައިރަކު ސިޓިން ރޫމު ސޯފާއަކު ނީނދެވުނެވެ. ހަލުވިކަމާއިއެކު ހިނގާލަފައި އައިސް ގޭގެ ބޭރު ދޮރޯށި ދޮށުގައި މަޑުކޮށްލުމާއިއެކު މަގުގެ ދެފަރާތަށް ބަލާލިއެވެ. ހިނގާފައި ދާ ދެތިން މީހުނާއި ސައިކަލެއް ނޫނީ ނުފެނުނެވެ. ފުންނޭވާއެއް ބޭރުކޮށްލަފައި ދޮރޯށީގެ ކަނީގައި ލެނގިލައިގެން ދޮރޯށީގެ ތަޅުގައި ހިފާއްޓާލައިގެން ތަހުމީނާ ހުއްޓެވެ. އޭނާގެ މޫނުމަތި ކުއްލިއަކަށް ދިއްލިގެން ދިޔަފަދަ ގޮތަކަށް ހިނިތުންވިތަން ފެނުނީ ދޮރޯށި ކުރިމައްޗަށް ވާގޮތަށް އައިސް މަޑުކޮށްލި ކާރުންނެވެ. ދަތްތައް ފެންނަވަރަށް ހިނިއައިސްފައި ހުރެ ދެއަތްގެނެސް މެޔާއި ދިމާލުން ޖޯޑުކޮށްލެވުނީ ޒުކަންމެންގެ ދެމަފިރިން ކާރުން ފައިބާތަން ފެނުމުންނެވެ. އިބާގެ އަތުގައި އޮތް ތުއްތު ކުއްޖާ އުރާލަން ވަގުތުން ތަހުމީނާއަށް ދެއަތް ދިއްކޮށްލެވުނެވެ. އެހިނދު އިބާ އަވަސް އަވަހަށް ދަރިފުޅު ތަހުމީނާއަށް ދިއްކޮށްލިއެވެ.

“މަގޭ މާމަ ދަރިފުޅު” ތަހުމީނާ އުފަލުން އަތުގެ ތެރެއަށްލީ ތުއްތު ކުއްޖާ ބޮނޑިކޮށްލިއެވެ. އަދި އިބާގެ އަތުގައި ހިފައިގެން އަވަސް އަވަހަށް އައިސް ގޭތެރެއަށް ވަނެވެ.

“ދަރިފުޅު ވިހެއި ޚަބަރު ޒުކަން ދީނީއްސުރެން މަންމަ މިހުންނަނީ މިކުއްޖާފުޅު ދެކިލާ ހިތުން ކެތްމަދުވެފަ، ތިޔަ ދެކުދިންމަތިން ވަރަށް ހަނދާންވި، ގޭތެރެ މުޅިން ފަޅުވެފައި އޮތީ، މަންމައަށް ދޭތެރެ ދޭތެރެއިން ގޮސް ތިކުދިންގެ ކޮޓަރީގައި ޓަކި ޖަހާލެވޭ، އެހެންނުވާނީ، އެހާ ދުވަހު ގޭގައި އުޅެފައި ކުއްލިއަކަށް ފުރައިގެން ދިޔައީމަ، އަދިއެވެސް އެހާ ގިނަ ދުވަހަށް” ތަހުމީނާ އޭނާގެ ހިތުގެ އުދާސްތައް ބޭރުކޮށްލިއެވެ.

“މަންމާ، އިބާ އާއި ދަރިފުޅު ހެޔޮހާލުގައި ގޮވައިގެން މިއައީ، މިއެންނު މަންމަ، އަހަރެން ގާތުން އެދުނު ކަމަކީ” ބުޝްރީގެ އެހީއާއިއެކު ފޮށިތައް ސިޓިންރޫމަށް ވައްދާލާފައި ޒުކަން ބުނެލިއެވެ. އަދި ބުޝްރީއަށް ހިނިތުންވެލަމުން ޝުކުރުއަދާކޮށް ސަލާމްކޮށްލިއެވެ. އެއާއިއެކު ބުޝްރީ އެގޭން ނުކުމެގެން ދިޔައީ ޢާއިލާގެ މެންބަރުންނަށް ވަގުތު ދީފައެވެ.

“އާން! މަންމަގެ އެދުން ދަރިފުޅު ފުރިމަކޮށްކޮށްދީފަ، ދަރިފުޅު ގުޅާފަ ބުނިހެން މި ހަދިޔާ ވަރަށް ފުރިހަމަ، މާމަދަރިއަކަށް މަންމަ ވަރަށް އިންތިޒާރުކުރިން، ޝުކުރިއްޔާ ދަރިފުޅާ، ފިރެންކުއްޖަކަށްވެފަ އަދި ވައްތަރީވެސް ހަމަ ޒުކަން އާއި” ތަހުމީނާ ހެވިފައި ހުރެ އިބާގެ ގައިގާ ފިރުމާލާފައި ބުނެލިއެވެ.

“ކޮބާ، އަހަރެންވެސް ބުނީމޭ ޒުކަން ގާތު ބޭބީ ވައްތަރީ ޒުކަން އާއިއޭ، އެކަމަކު މީނާ ޤަބޫލެއްނުކުރި” އިބާ ހިނިއައިސްފައި ހުރެ ތަހުމީނާގެ ގާތަށް ޖެހިލަމުން ބުންޏެވެ.

“އަހަންނަށް ވައްތަރީ އިބާ އާއި، އެކަމަކު އިބާގެ ހުންނަ ކަހަލަ ރުޅިގަނޑެއް މިދަރިފުޅަށް ލިބޭކަށް އަހަރެން ބޭނުމެއްނޫން” ޒުކަން، ސަމާސާކޮށްލުމުގެ ގޮތުން ބުނެލިއެވެ.

“ހޫމް ދެން ހެވޭ” އިބާ ތުންއަނބުރާލާފައި ބުންޏެވެ.

“ދަރިއަކު ލިބުނީމާވެސް ތިއުޅެނީ ޅަކުދިން އުޅޭހެން، ހިނގާ އަވަހަށް އެތެރެއަށް، ދަތުރުވަރުބަލި ވެފައެންނު ތިބޭނީ، ވިހެއެއް ކަމަކު އިބާ ޖެހޭނެ އަރާމުކުރަން، ހަށިގަނޑު އަދި ވަރަށް ޅަވާނެ، މަންމަ ހުންނާނެ ރައްޓެއްސަކު ލައްވާ ބޭސްފުޅިއެއްވެސް ހަދާފަ” ތަޙުމީނާ، އިބާ އާއިއެކު އެދެމަފިރިންގެ ކޮޓަރިއަށް ގޮސް ވަނެވެ. ހިނިއައިސްފައި ފޮށިތައް ހިފައިގެން ދިއުމަށް މަޑުކޮށްލި ޒުކަން އެމަންޒަރު ފެނިފައި ބަލަހައްޓައިގެން ހުރެވުނީއެވެ. ހިތަށްލިބުނީ ބަޔާންކުރަން ދަތި ހިތްހަމަޖެހުމެވެ. މުޅު އުމުރުގައި މިފަދަ ހިތްހަމަޖެހުމަކާއި އުފާވެރިކަމެއް ޒުކަންއަށް އިޙްސާސްކުރުމަށް ލިބިފައެއް ނުވެއެވެ. އޭނާއަށް މިހާރު ދުނިޔޭގެ ހުރިހާ އުފަލެއް ލިބިއްޖެކަމުގައި ޤަބޫލުކުރެވިއްޖެއެވެ. ތުންފަތަށް ވެރިވި ލުއި ހިނިތުންވުން ފަނޑުވުމެއްނެތި އޭނާ އައިސް ކޮޓަރިއަށް ވަންނަންދެންވެސް ހުއްޓެވެ.

ރޭގަނޑުގެ ހަމަހިމޭންކަން ފޫދުއްވާލީ ކުޑަދަރިފުޅުގެ ރުއިމުގެ އަޑުންނެވެ. ނިދިޖެހިފައި އޮތް އިބާ ސިއްސައިގެން ދިޔައެވެ. ނަމަވެސް އޭނާއަށްވުރެ ކުރިން ޒުކަން ތެދުވެއްޖެއެވެ. އަދި އަވަހަށް ކުޑައެނދުގައި އޮތް ދަރިފުޅު އުރާލައިގެން އައިސް އިބާގެ އަތަށް ލާދިނެވެ. ރާއްޖޭން ބޭރުގައި އިބާ ވިހައިގެން އޮތްއިރުވެސް އެއީ ޒުކަންގެ އާދައެވެ. އޭނާގެ ފަރާތުން އެދެމައިންނަށް ލިބެމުންދާ ލޯތްބާއި އަޅާލުމުގެ ސަބަބުން އިބާގެ ވަށައިގެން މިވާ ދުނިޔެ ލޯތްބާއި އޯގާތެރިކަމުން ފުރިއިތުރުވެފައިވެއެވެ. އޭނާގެ ހިތުގައި ޒުކަން ދެވިފައިވާ މަޤާމާއި ޤަދަރު ކުރިއަށްވުރެ އުފުލިގެން ހިނގައްޖެއެވެ. ލޯބި ލޯބި ދަރިފުޅު އެދެމަފިރިންގެ ހުރިހާ ކަމެއް ފުރިހަމަކޮށްދީފިއެވެ.

* * * *

ރާއްޖެ އާދެވުމާއިއެކު ދަރިފުޅުގެ އުފަންދުވަހުގެ ސެޓްފިކެޓް ތަކާއި ދަރިފުޅުގެ ނަން ރަޖިސްޓްރީ ކުރުމުގެ ހުރިހާ ކަމެއްގައި ޒުކަން އުޅުނެވެ. އޭރު ގޭތެރެއަށްވަނީ ކުޑައީދެއް އައިސްފައެވެ. ތަހުމީނާގެ ރަޙުމަތްތެރިންނާއި ތިމާގެ މީހުންނާއި، އިބާގެ ރަޙުމަތްތެރިންގެ އިތުރުން ޒުކަންގެ ރަޙުމަތްތެރިންނާއި އޮފީހުގައި އެންމެ ގާތްކޮށް މަސައްކަތްކުރާ މީހުންނާއިގެން ގޭތެރެ އުތުރިއަރަނީއެވެ. ހަލަބޮލިވެފައިވާ މާހައުލުގައި ހުނުމުގެ އަޑާއި އިބާއާއި ދިމާކުރުމުގެ އިތުރުން އެދެމެފަރިންނަށް މަރުހަބާ ކިޔާ ފަރާތްތައް މަދެއްނޫނެވެ. ނަންކިޔުމުގެ ރަސްމީ ޖަފާތް ކުރިއަށް ދަނީ އަދިކިރިޔާއެވެ. ޞަދަޤާތުގެ ޕާރުސަލް ބެހުމުގައި ޒުކަންއަށް އޭނާގެ ރަޙުމަތްތެރިން އެހީވަމުން ދިޔައެވެ.

އިރުއޮއްސެން ވާއިރަށް ގޭތެރޭގެ ހަލަބޮލިކަން މައިތިރިވެ މީހުން މަދުވެއްޖެއެވެ. ވަރަށް ގާތް ދެތިން މީހަކު ފިޔަވައި އެހެން ހުރިހާ އެންމެން ހިނގައްޖެއެވެ. ސޯފާގައި ދަރިފުޅު އުރާލައިގެން ޒުކަން އިންއިރު އޭނާގެ ދާދި ގާތުގައި އިބާ އިނެވެ.

“ބައްޕަ ދަރިފުޅު މިހާރު މިއޮތީ އޮފިޝަލްވެފަޔޭ ދޯ، މީ ބައްޕަގެ އައިކު އޭ ދޯ، މުޙައްމަދު އައިކު ޒުކަން…” ދަރިފުޅު އުރާލައިގެން ހުރެ ޒުކަން އެދަރިފުޅާ ވާހަކަދައްކަމުން ދިޔައެވެ.

“ބައްޕަ މުޅިން ވަރުބަލިކޮށްލައިފިއެންނު” އިބާ، ޒުކަންއަށް ބަލާލަމުން ބުނެލިއެވެ.

“އެއީ އެވަރުކަމެއްތަ، ދެން މިނިމުނީނު މިކަންވެސް، ރައްޓެހިންނަށްވެސް މިހާރު ދެން ނުބުނެވޭނެ ދަރިއަކު ލިބުނީމަ ސަޔެއް ނުދެޔޭ، ނޫންތަ” ޒުކަން ހިނިތުންވެލަމުން އިބާއަށް ބަލާލާފައި ބުނެލިއެވެ.

“ތީވެސް ތެދެއް، އެންމެންވެސް އެދިޔައީ ވަރަށް ހިތްހަމަޖެހިފައި ތިބެގެން، އެކަމަކު މަންމަ ހިތަށް އަރާނެ ދޯ އަހަރެން އެހީއެއްވެސް ނުވެޔޭ، ޒުކަން، ކިހިނެއްވާނީ ގޭތެރޭގެ މަސައްކަތްކޮށްލަން މީހަކު ގެނައްޔާ” އިބާ ޚިޔާލެއް ފާޅުކުރިއެވެ. އެކަމަށް ޒުކަން ތާއިދުވެސް ކުރިއެވެ. ތަހުމީނާއަށް ލުޔެއް ދިނުމުގެ ވިސްނުމުގައެވެ. ދަރިފުޅު ކަންތަކާ އިބާއުޅޭއިރު ގޭތެރޭގެ ކަންތައްތަކަށް ދޭންވާ ސަމާލުކަން އޮންނާނި ނުދެވިފަކަން ޒުކަންއަށް ވިސްނެއެވެ. އޭނާގެ މަންމަ އަށާއި އަންބިމީހާއަށް ފަސޭހަވާނެ ހުރިހާ ކަމެއް އޭނާ ކޮށްދޭން ބޭނުމެވެ. ޒުކަން ލޯތްބާއިއެކު އިބާގެ އަތްތިލާގައި ހިފާ ބާރުކޮށްލިއެވެ.

* * * *

ކުއްލިއަކަށް އަތްތިލަ ދަމައިގަންނަމުން ދަރިފުޅުގެ ގައިގާ ޖިޔާ ދެއަތުން ހިފާލިއެވެ. ދަރިފުޅު އިޝްވާއަށް ދޮޅުއަހަރު ވެގެން ދިޔައިރު ޖިޔާގެ ހިތުގައި ނާވީއަށްޓަކައި ޖާގައެއް ހުސްވެއްޖެއެވެ. އެހެންނަމަވެސް އެކަން ފާޅުކުރަން އޭނާ ޖެހިލުވަނީއެވެ. ނާވީ އޭނާގެ އަތުގައި ހިފާލުމުން އަތްދަމައިގަނެވުނީވެސް އެހެންވެއެވެ.

ހަވީރުގެ ހިޔާ އެޅިފައިއޮތް ވަގުތެވެ. ދަރިފުޅު ގޮވައިގެން ހިނގާލަން ޖިޔާ ނުކުމެ އުޅުން އިރު އޭނާ އާއިއެކު ނާވީވެސް ހުއްޓެވެ. ދެމީހުން އެކަކު އަނެކަކާ ވާހަކަދައްކަމުން ދިޔައިރު ދެހިތުގައި ފޮރުވިފައިވަނީ އެއްޝުޢޫރެކެވެ. އެއްކަހަލަ އިޙްސާސްތަކެކެވެ. ނަމަވެސް ހާމަކުރަން ޖެހިލުންވަނީ ހަމައެކަނި ޖިޔާއެވެ. ނާވީގެ އެކުވެރިކަން ޤަބޫލުކުރި ދުވަހު ޖިޔާގެ ހިތުގައި ނާވީއަށް ޚާއްޞަކަމެއް ދެވިދާނެކަމުގައި ހީއެއްނުކުރެއެވެ. އެކަމަކު ކުރިޔާއި ޚިލާފަށް ޖިޔާއަށް ނާވީ އާއިއެކު ތަނަކަށް ދިއުމީ ބޮޑުކަމަކަށް ނުވެއެވެ. އޭނާ މިހާރު އިތުބާރުކުރާ ހަމައެކަނި ފިރިހެނަކީ ނާވީއެވެ. އޭނާގެ ފަރާތުން ފެންނަމުން ދިޔަ ބަދަލުވުމެއްނެތް ލޯތްބާއި އޯގާތެރިކަން ޖިޔާގެ ހިތުގެ ޒަހަމްތަކަށް ޝިފާއެއްކަމުގައިވީ ނުވެސް ދެނަހުއްޓައެވެ. މަޑުމަޑުން ނާވީގެ މައްޗަށް ޖިޔާގެ ހިތް ދީލައިލީ ނާވީގެ ބުރަ މަސައްކަތުންކަން ޚުދު ޖިޔާއަށް އެނގެއެވެ. އޭނާ ޖިޔާއަށް އަލުން ލޯބިވާން ދަސްކޮށްދީފިއެވެ. އެހެންނަމަވެސް، ވާރޭ ވެހޭ ކޮންމެ ރެއަކު އޭނާގެ ހަނދާންތައް މާޒީގެ ތެރެއަށް ފީނައިގަނެއެވެ. އަދިވެސް އެޒުވާނާގެ މަތިން ޖިޔާ ހަނދާންވެއެވެ. ވިސްނައެވެ. ހިތުގެ ކޮންމެވެސް ހިސާބެއްގައި އެލޯބި ފޮރުވިފައި އެބައޮތެވެ. ވާނީވެސް އެހެންތާއެވެ. ދުވަހަކުވެސް ހަނދާނުން ފޮހެވިގެން ނުދާނޭވަރުގެ ހަދިޔާއެއް އެޒުވާނާވަނީ ޖިޔާއަށް ދީފައެވެ.

“ޖިޔާ، އަހަރެން ހިތަށް އަރާ، ދުވަހަކުވެސް އަހަންނަށް ތިއަތުގައި ހިފާލުމުގެ ނަސީބު ލިބޭނެބާއޭ، ނޫނީ މިއިޙްސާސްތައް އަހަންނަށް ކޮންޓްރޯލު ކުރެވޭނީ ކިހާ ދުވަހަކުބާއޭ، އެދުވަހަކުން އަހަރުމެން ދެމީހުންގެ ދެމެދުގައި އުފެދިފައިމިވާ ގާތްކަން ނެތިގެން ހިނގައިދާނެބާއޭ” ދެއަތްތިލަ އަމިއްލަ ބާރުގެ ދަށަށް ގެނައުމުގެ ގޮތުން ޖިންސުގެ ޖީބަށް އަތްޖަހާލަމުން ނާވީ ބުންޏެވެ.

“ނާވީ ނުކުރާނެ އަހަރެން ހިތްހަމަނުޖެހޭވަރު ކަމެއް” ޖިޔާ ދަރިފުޅު އުރާލައިގެން ހުރެ ކުރިއަށް ހިނގަމުން ބުންޏެވެ.

“އެހާ ޔަގީންކަން އެބައޮތްތަ” ނާވީ، ޖިޔާއަށް ބަލާލަމުން އަހާލިއެވެ.

“އާން! އަހަރެން ނާވީއަށް އިތުބާރުކުރަން” ޖިޔާ މަޑުޖެހިލާފައިވެސް ހިތުގައިވާ އެއްޗެއް ނާވީއަށް ހާމަކުރިއެވެ.

“ދެން ކީއްވެ، އަހަރެންގެ ހަޔާތަށް އަންނަން ޖިޔާ ބޭނުންނުވަނީ ކީއްވެތަ، އަހަރެން ޖިޔާ ދެރަނުކުރާނެކަން ޔަގީންވާއިރު، އަހަންނާ ގުޅެން ބޭނުމެއްނުވޭތަ، އަހަރެން ކުރިންވެސް ބުނީމެންނު، ޖިޔާގެ ދަރިއަކު ހުރުމަކީ އަހަންނަށް މައްސަލައެއްނޫނޭ، ނޫނީ އަހަރެން ތިދަރިފުޅުގެ މައްޗަށް ނުބައިވެދާނެތީތަ ޖެހިލުންވަނީ” ނާވީ ވާހަކަދެއްކީ ލޯބިންކަން އޭނާގެ އަޑުން ފާޅުވެއެވެ.

“ނޫން! ނާވީ އަހަރެންގެ ދަރިއަކަށްވެސް ނުބައެއްނުވާނެ، ތީ އޯގާތެރި މީހެއް، އެކަމަކު މިވަގުތު ތިވާހަކަ ނުދައްކަފާނަންތަ، ޕްލީޒް” ޖިޔާގެ ހިތަށް ވަރަށް އުނދަގޫވުމާއިއެކު ނާވީއަށް ބަލާލާފައި ބުނެލިއެވެ.

“މައްސަލައެއްނެތް، ޖިޔާއަށް މިވާހަކައިގެ ސަބަބުން އުނދަގޫވަންޏާ އެވާހަކަ ނުދައްކާ މި ހުއްޓާލީ، އެކަމަކު މިރޭ އަހަންނާ ބައްދަލު ކުރާނަމޭ ބުނޭ، އެކަމަށްވެސް ވަކިޖަވާބެއް އަދި ނުދެމެންނު” ނާވީ ފުންނޭވާއަކާއިއެކު ޚިޔާލުތައް އެއްފަރާތްކޮށްލަމުން ޖިޔާއަށް ކަމެއް ހަނދާންކޮށްލަދިނެވެ.

“އިޝްވާ މަންމަމެންނާއި ހަވާލުކޮށްފައި ދާންޖެހޭތީ ކަންބޮޑުވަނީ، މިހާރުވެސް މަންމަ ހުންނަނީ ފާޑަކަށް، އަހަންނާ ސުވާލުވެސް ކޮށްފި ނާވީ އާއި ބެހޭގޮތުން، ރޭގަނޑު އެހާ ދަންވަންދެން ބޭރުގައި އުޅޭކަށް އަހަންނަކަށް ނުކެރޭނެ” ޖިޔާ މަޑުމައިތިރިކަމާއިއެކު ބުންޏެވެ.

“އެގާރަޖަހަންވާއިރަށް އަހަރެން ޖިޔާ ގެނެސް ގެއަށް ލާދޭނަން، އެކަމަކު ބަރާބަރު ދިހަގަޑިބަޔަށް ތައްޔާރުވާންވާނެ، އަހަރެން ޖިޔާ ގޮވައިގެން ޑިނާއަށް ގޮސްލާހިތުން، ޒީއްތަވެސް ހުންނާނެ އެންނު ގޭގަ، އޭނާ އިޝްވާ ބަލާނުދޭނެތަ” ނާވީ އަހާލިއެވެ.

“ކޮންމެ މީހަކުވެސް އަހަރެން ބުނެފިއްޔާ އިޝްވާ ބަލާދޭނެ، އެކަމަކު… ދެން އޯކޭ، އަހަރެން ދިހަގަޑިބަޔަށް ތައްޔާރުވާނަން” ޖިޔާ އެންމެފަހުން އެއްބަސްވިއެވެ.

* * * *

އާދައިގެ ދުވެއްޔައި ދުއްވަމުން ދިޔަ ރިހާމަށް މަގުގެ އެއްފަރާތުން ހިނގާފައި ދިޔަ ޖިޔާ ފެނުމާއިއެކު ކާރުގެ ދުވެލި މަޑުކޮށްލިއެވެ.

ދޮރުފަތުގެ ބިއްލޫރިގަނޑުން ބޭރަށް ނަޒަރުހުއްޓާލައިގެން އިން ރިހާމަށް ކާރުގެ ބުރަތްކަށް ފިތާލެވުނީ އެއްވެސް އިޙްތިޔާރަކާއި ނުލައެވެ. މަގުގެ އެއްފަރާތުން ހިނގާދިޔަ އަންހެންކުއްޖާއަކީ ޖިޔާކަން އޭނާއަށް ވަކިކުރަން އެނގިއްޖެއެވެ. އައިސްފައިހުރި ބަދަލުތަކާއިއެކުވެސް އޭނާގެ ހިތުގެ ހިނގުން އަވަސް ކުރުވައިފިއެވެ. ޒަމާންތަކެއް ފާއިތުވެފައިވިއެއްކަމަކު އަދިވެސް އޭނާވަނި ކަރުހިއްކައިގަނެފައިކަން ޔަގީނެވެ.

“ތިޔަހަރަ ނަލަކަމެއްވާ ދޯ، ދުރުން ފެނިލިޔަސް މިއޮށްކުރެވޭ އިޙްސާސެއް ބަޔާނެއްނުކުރެވޭނެ” ތުންފަތަށް ވެރިވެގެން ދިޔަ ލުއި ހިނިތުންވުމާއިއެކު ތިރީތުންފަތުގައި ދަތްއަޅާލި ރިހާމުގެ ހިތަށް އެރިއެވެ. ކާރުން ފައިބެގެން ގޮސް ޖިޔާގެ އަތުގައި ހިފަންވީއޭވެސް ހިތަށްއެރިއެވެ. އެހެންނަމަވެސް ޖިޔާ އާއިއެކު ފިރިހެނަކު ހުރުމުން ރިހާމަށް ހައިރާންކަމެއްލިބި ސުވާލުތަކެއް ހިތުގައި އުފެދުނެވެ. ކާރުގައި ހުރި ބިއްލޫރުތަކުން އެތެރޭގައި އިން މީހަކު ނުފެންނާނޭކަން އެނގޭތީ، ގަސްދުގައި ރިހާމު ކާރު ދުއްވާލީ ޖިޔާމެން ހިނގަމުން ދިޔަ ފަރާތަށް އެރުމަށެވެ. އެމީހުންގެ ކައިރިން ލާފައި ކާރުގައި ރިހާމު ދަމުން ވަރަށް ރަނގަޅަށް ޖިޔާގެ ގާތުގައި ހުރި ޒުވާނާއަށް ބަލާލިއެވެ. އަދި ފާޑަކަށް ޗެކޮއް ކަނޑާލާފައި މަލާމާތުގެ ރާގަކަށް ހިނިގެނޑެއް ޖަހާލިއެވެ.

* * * *

ރޭގަނޑުގެ ކެއުމުގައި ޖިޔާ ބައިވެރިވިއެއްކަމަކު އޭނާ ކެއީ ވަރަށް ކުޑަކޮށެވެ. އެކަން އެންމެންވެސް ފާހަގަކުރިއެވެ. ޝާކިރާއަށް ހީވީ އޭނާގެ ސަބަބުން ވީކަމެކޭ ހެންނެވެ. އެކަމަކު ޒީޝާ އާއި ޒުހާއަށް ހީވީ އަދި މުޅިން އެހެން ގޮތަކަށެވެ.

“ދަރިފުޅާ، މަންމަދެން ނުކިޔާނަމޭ އެހެން” ޝާކިރާ މިހެން ބުނުމުންވެސް އުލުން ތަށީގައި ހުރި ނޫޑުލިސްކޮޅު ހާވާލާހާވާލާ ޖިޔާއިނެވެ.

“ޖިޔާ” ޝާކިރާ ދެވަނަ ފަހަރަށް ޖިޔާއަށް ގޮވާލުމުން ބަލާލީ ސިހިފައި ބަލާލާފަދަ ގޮތަކަށެވެ.

“މަންމަ ބުނީ، ދެން މަންމަ ނުކިޔާނަމޭ ދަރިފުޅު ގާތު ރިހާމާއި އަލުން ގުޅޭށޭ، ދަރިފުޅު ބޭނުންވާގޮތަކާއި މަންމަ ރުހޭނަމޭ، މިހެންބުންޏަސް އެނގޭ ދަރިފުޅު އިތުރަށް ކައިވެންޏަކާއިމެދު ނުވިސްނާކަން” ޝާކިރާ މިހެން ބުނުމުން މޭޒުދޮށުގަ ދެންތިބި ޒީޝާ އާއި ޒުހާ އެކަކު އަނެކަކަށް ދެލޯ ބޮޑުކޮށްލަމުން ކޮންމެވެސް ކަމެއް އިޝާރާތްކޮށްލިއެވެ. ޖިޔާ އޭނާގެ މަންމައަށް ހަމައެކަނި ދިންޖަވާބަކީ ލުއި ހިނިތުންވުމެކެވެ. ދެން އޭނާ ބަލާލީ ބަދިގެ ފަރާތުގައި ކުޑަކުދިން ބާއްވާގޮތަށް ހަދާފައި ހުރި ގޮނޑީގައި އޮތް އިޝްވާއަށެވެ.

ކާންއެޅިތަށީގައި ނުކެވިފައި ހުރި ބައި ކުނިއެއްޗަށް އަޅާލާފައި ތަށިދޮވެލުމާއިއެކު ޖިޔާ، ދަރިފުޅު އިޝްވާ އުރާލައިގެން އައީ އޭނާގެ ކޮޓަރިއަށެވެ. ބޮޑުއެނދުމަތީ އިޝްވާ ބާއްވާލުމާއިއެކު ދަރިފުޅުގެ ގާތަށް އަރައި ޖިޔާވެސް އޮށޯވެލިއެވެ. މަޑުތަންމަތީގައި ޖިޔާގެ ބުރަކަށި ޖެހުމާއިއެކު ނިތުގައި އެއްއަތްބާއްވާލެވުނީ ބޭއިޙްތިޔާރުގައެވެ. އޭރު އޭނާގެ ކަންފަތުގައި ގުގުމަމުން ދިޔައީ ނާވީ ބުނި ޖުމްލަތަކެވެ. އަނެއްކޮޅުން އޭނާގެ ޟަމީރު ކުރާ ސުވާލުތަކަށް ދޭނެ ޖަވާބެއް އޭނާގެ އަތުގައެއްނެތެވެ. ދެލޯމަރާބާރުކޮށްލުމާއިއެކު ޖިޔާ ހުޅުވާލިއެވެ. ލޯބިލޯބިކޮށް މުއްކަވާލެވިފައި އޮތް އަނގަޔަށްލައިގެން އަޑުލައްވާލަ ލައްވާލަ އިޝްވާއޮތެވެ. އެކުއްޖާގެ މޫނަށް ޖިޔާ ބަލާލިއެވެ. ޖިޔާގެ މޫނުމަތިން ފެނިގެންދިޔައީ މާޔޫސްކަމެވެ. ކޮންމެވެސް ކަމަކާ އޭނާ ހާސްވެ ކަންބޮޑުވާކަހަލައެވެ.

ކުއްލިއަކަށް ކޮޓަރީގެ ދޮރު ހުޅުވާލިއަޑާއިއެކު ޖިޔާ ފުންމައިގެން ތެދުވަން އުޅުނެވެ. އެވަގުތު ޒުހާ އާއި ޒީޝާ އެއީ އެމީހުން ކަމުގައި ބުނެލިއެވެ. އަދި ހަލުވިކަމާއިއެކު ދެބެންއައިސް ޖިޔާ އޮތް އެނދުމައްޗަށް އަރާ ރަނގަޅަށް ފޫހަރުކޮށްލައިފިއެވެ. ދެބެންގެ މޫނުމަތިންވެސް ފެންނަނީ ކޮންމެވެސް ކަމަކާ އެމީހުން ޝައުގުވެރިވެފައި ވާކަމެވެ.

“ކީކޭތަ ނާވީ ބުނީ، ކީއްވެތަ ނާވީ އެތެރެއަށް ނުވައްދާ ފޮނުވާލީ” ކުރިން ވާހަކަދެއްކީ ޒީޝާއެވެ.

“އޭނަ ނުބުނޭ އެއްވެސް އެއްޗެއް، އެހާގިނައިން މިގެއަށް އޭނާ ވައްދަނީ ކީއްކުރަންތަ” ޖިޔާ މިހެން ބުނެލީ އޭގެ ޖަވާބު އެމީހުން ދޭނޭގޮތް އެނގިހުރެއެވެ.

“ޒީއްތާ، ޖީ ދުވަހަކުވެސް އެއްބަހެއްނުވާނެ، އަހަރުމެންނަށް މިހާރު ނޭނގޭކަމެއްހެން ހީވަނީ އޮޅުވާލަން އުޅޭއިރު” ޒުހާ އިނދެފަ ވަރަށް ވިސްނޭމީހެއްފަދައިން ބުނެލިއެވެ.

“ކޮންކަމަކާތަ އަހަރެން އެއްބަސްނުވަނީ، އަހަންނެއްނޫޅެން ކަމެއްއޮޅުވާލާކަށް، ތިމީހުން ތިއުޅެނީ ކޮންމެވެސް އެއްޗެކޭ ކިޔަންވެގެންދޯ، ޕްލީޒް، އިހަށްދޭ މިކޮޓަރިން، އަހަރެން އިޝްވާ ނިންދަވަންވެސް އެބަޖެހޭ” ޖިޔާ، އޭނާގެ ދައްތަ އާއި ކޮއްކޮ ފޮނުވާލަން ބޭނުންވެފައި އިންފަދަ ގޮތަކަށް ބުނެލިއެވެ.

“ޑޭޓަކަށްދާންތަ ތިއުޅެނީ” ޒުހާގެ އަނގަހިރުވާވަރުން ނީނދެވިގެން އެންމެފަހުން ބުނެލިއެވެ. ޖިޔާ ނޭނގޭކަމަށް ހަދާލާފައި ބަލާލިއެވެ. އެއާއިއެކު ޒީޝާ ވެސް ހޭންފެށިއެވެ. އަދި ޖިޔާގެ އަތަށް ދަމާލަމުން ވާހަކަދައްކަން ފެށިއެވެ.

“ކަމޯން ޖިޔާ، އެކްސެޕްޓްކޮށްބަލަ ޖިޔާއަށްވެސް ނާވީ ކަމުދާކަމަށް، އެނގޭތަ، ނާވީ ކަހަލަ ފިރިހެނަކު ލިބޭނީ ނަސީބުވެރިންނަށް، އޭނާ އެއުޅޭގޮތަށް މިޒަމާނުގައި ކާކުއުޅޭނީ، މިހާރު ކިހާ ދުވަހެއްމިވަނީ އެފަކީރު އެގޮތަށް ތަޅުވާތާ، އޭނާ ޖިޔާދެކެ ހަޤީޤަތުގައިވެސް ލޯބިވާތީއޭ އެހެން އެއުޅެނީ، އެނގޭތަ، ނާވީއަށް ޖިޔާ އެނގޭ، ޖިޔާގެ އަމިއްލަ ނަފްސަށް ނޭނގޭހާ ބޮޑަށް، އިރުއޮއްސުނު އިރު ނާވީ ޒީއްތައަށް ގުޅިއޭ، ބުނީ ޖިޔާ އޭނާ އާއިއެކު ބޭރަށް ނުކުމެލާފައި އަންނަންދެން އިޝްވާ ބަލާލަދީފަނަންހޯ، ޒީއްތަ ކީއްވެ އިޝްކޮ ނުބަލަންވީ، ޒީއްތަ އުފަލުން ހުރެ ތިދެކުދިން ބައްދަލުކުރަން ބޭނުންވާ ކޮންމެގަޑިއަކު އިޝްކޮގެ ހުރިހާ ކަމެއްކޮށްދޭނަން، ޒީއްތަ މިހާރު އެންމެ ދެކެން ބޭނުންވަނީ ތިދެކުދިން ކައިވެންޏަކުން ގުޅޭނޭ ދުވަހެއް، އިޝްވާއަށް ހެޔޮއެދޭ ރަނގަޅު ބައްޕައަކަށް ނާވީ ވާނެ، އަނެއްކާ ޒީއްތަ ބުނަންތަ ވާހަކައެއް، އިޝްކޮ މިހާ ކުޑައިރު ކައިވެނި ކުރީމަ ބައްޕައެއްގެ ގޮތުގައި ނާވީ ބަލައިގަންލެއްވެސް ފަސޭހަވެފައި އަވަސްވާނެ، މީ ޒީއްތަގެ ޙިޔާލު، އަޅެ ޖީ މިހުރިހާ ކަމަކާ ވިސްނާލަބަލަ، ނާވީ ހާދަހާ ރަނގަޅޭ، އޭނާއަށް ހީވީ ޖިޔާ މިރޭ ނުގޮސްދާނެއޭ އެހެންވެ އަހަރުމެން ގާތު އެބުނީ ޖިޔާ ފޮނުވާދޭށޭ، އެހެންވީމަ ކޮންމެ ގޮތެއް ހަދާފައިވިޔަސް ޖިޔާވާނީ ނާވީ އާއިއެކު މިރޭ ދާން” ޒީޝާ އުފަލުން ޖިޔާގެ އަތުގައި ހިފިގޮތަށް ދޫވެސް ނުކޮށްއިނދެ ބުނެލިއެވެ. އޭރު އޭނާގެ މޫނުމަތިން އޯގާތެރިކަމާއި އެއްބަޑުއެއްބަފާކަމުގެ ކުލުނު ފާޅުވޭވޭހުއްޓެވެ. ކޮއްކޮގެ ދިރިއުޅުން އާބާދުވޭތޯ އޭނާގެ ހިތާ ނަފްސުން ދުޢާކުރާ ކަހަލައެވެ.

“އެހާ ލަސްކޮށްފައި ބޭރަށް ނުކުންނާކަށް ނުކެރޭނެ” ސީދާ ނުދާނަމޭ ނުބުނަން ޖިޔާ ބުނެލިއެވެ.

“އެއީ ލަސްވަގުތެއްތަ، ތިދެން ތާކުން ތާކުން ނުޖެހޭ ބަހަނާދައްކަނީ، ދެން ދޭ އަވަހަށް ފެންވަރަން، އަހަންނާ ޒުހާ އާއިވެގެން އިޝްކޮ ރީތިކޮށްލާފަ ނިންދަވާލަ ފާނަން” ޒީޝާ އެނދުންތެދުވެ ޖިޔާގެ އަތުގައި ހިފާ ދަމަމުން ކަހަލަ ގޮތަކަށް ފާޚާނާ އާއި ދިމާލަށް ގެންދިޔައެވެ. އޭރު އެނދުމަތީ އިން ޒުހާ އަތްތިލަބަޑި ޖަހަމުން ހީހީފައި ޒީޝާއަށް ބާރުދެމުންދިޔައެވެ.

ޖިޔާ ފާޚާނާއަށް ވަނުމުން، އޭނާ ރީތިކުރުމުގެ ހުރިހާ ޒިންމާއެއް ޒީޝާ ހަވާލުކުރީ ޒުހާ އާއިއެވެ. އޭނާ އަވަސްވެގަތީ ޖިޔާ ފާޚާނާއި ނުކުންނަންވާއިރަށް ރީތި ހެދުމެއް ޖިޔާގެ އަލަމާރިން ފެނޭތޯއެވެ. ޒުހާ އަލަމާރީގަ އަޅުވާފައި ހުރި ހެދުންތައް ހާވަ ހާވަފައި އެކިހެދުން ނަގާ އެނދުމަތީ އިޝްވާ ގާތްކޮށްލައިގެން އޮތް ޒީޝާއަށް ދައްކާލައެވެ.

“ތިތާ ނެތް ކަމުދާ އެއްހެދުންވެސް، މިއުޅެނީ ހެލޯވިންއަކަށް ދާކަށް ނޫންވިއްޔަ” ޒީޝާ ދެފަރާތަށް ބޯހޫރާލަމުން ބުނެލިއެވެ.

“އައި ހޭވް އެން އައިޑިއާ” ޒުހާ ކުއްލިއަކަށް އަތުގައި އޮތް ހެދުން އަލަމާރީގައި އަޅުވާލާފައި ބުނެލިއެވެ. އަދި ދުވެފައި ކޮޓަރިން ނުކުމެގެން ދިޔައެވެ. ގިނައިރެއްނުވެ ވައިސޫރިއެއްހެން ޒުހާ އައިސް ކޮޓަރިއަށް ވަންއިރު އޭނާގެ އަތުގައި އޮތީ އިސްކޫލު ދުވަސްވަރު ބޭއްވި ޑިނާ ޕާޓީއަކަށް ދިއުމަށް އޭނާ އެއްފަހަރު ލާފައި އޮތް ހެދުމެކެވެ. ޒުހާ އެހެދުން ފަތުރާލަމުން އޭނާގެ ގައިގާ ޖައްސާލިއެވެ.

“ވަރަށް ރީތި، ޖިޔާ ލީމަ އަދިވަކިން ރީތިވާނެ، ޒުހާ ވަރަށް މޮޅު” ހިތްއަވަސްވެފައި އިން ޒީޝާ ބުނެލިއެވެ.

ފާޚާނާއިން ޖިޔާ ނުކުތުމުން ޒުހާ ގެންގުޅުނު ހެދުން ދައްކާލިއެވެ. ރަތްކުލައިގެ ކުރު ހެދުމެކެވެ. ވަށްކަރެއް ކަނޑާފައިވާއިރު އަތްކުރެވެ. މަތިން ފެށިގެން ތިރިއަށްވާގޮތަށް ހުރީ ރޫތަކެއް ނަގާފައެވެ. ޖިޔާއަށް ހެދުން ކަމުނުދިޔައީ މާކުރުވީމައެވެ. އަނެއްކޮޅުން އެ ހެދުން ލީމާ އޭނާގެ ގަޔަށް ހުންނާނޭތީއެވެ. ނަމަވެސް ހަމަހިލާ ޒުހާވެސް އޭނާގެ ގޮތެއް ދުލެއްނުކުރިއެވެ. ޖިޔާ އެހެދުން ލައްވާފައި ރީތިވާ މޭޒުކައިރީ ބޭންދިއެވެ. އަދި ޖިޔާގެ އިސްތަށިގަނޑު ޒުހާ ގެންގުޅޭ އަޔަންއިން އިސްތަށިތަކުގެ ކޮޅުތައް އޮޅިފައި ހުންނަގޮތަށް ހަދާލިއެވެ. އަދި ޒުހާގެ މޭކަޕު ސާމާނު އަޅާފައި ހުންނަ ފޮށިގެނެސް ޖިޔާގެ މޫނުގައި ޖައްސަންވާކުލައެއްވެއްޖެއްޔާ އޭނާ ޖައްސައިފިއެވެ. ހުރިހާ ކަމެއްކޮށް ނިމުމާއިއެކު ޖިޔާ ކޮޅަށް ނަގާ ޒީޝާ އާއި ދިމާލަށް އަނބުރާލަމުން ކިހިނެއްތޯ އަހާލިއެވެ. ޒީޝާ ހިނިއައިސްފައި ބަލާލިއެއްކަމަކު ހުއްޓުން އަރާފައި ޖިޔާއަށް ބަލަން އިނީއެވެ.

“ކާޓޫނެއްހެން ދޯ ހީވަނީ، މި ހެދުންވެސް މާބާރީއޭ، މި ޒުހާއަކަށް ނޭނގޭނެ ކަމެއްކުރާކަށް، އަހަރެންގެ އަތުގައިވެސް ރީތި ހެދުން ހުއްޓޭ” ޖިޔާ ކުދިކިޔަން ފެށިއެވެ.

“މާޝާﷲ، އަހަރެންގެ ކޮއްކޮއަށް ދެއްވި ރީތިކަމުގެ ފުރިހަމަކަމާ، އަހަރެން ހިތަށް އަރާ އަހަރެންގެ ލޮލުން ޖިޔާއަށް ޖިޔާގެ އަމިއްލަ ސޫރަ ފެންނާނެނަމައޭ، އޭރުން އެނގޭނެ ޒީއްތަ މިބުނާ އެއްޗެއްގެ ތެދުކަން” އުފަލުންގޮސް ލޮލުން ކަރުނަ ހިލިގެން ދިޔައެވެ. އެހިނދު ޖިޔާ ލޯގަނޑާއި ދިމާލަށް އެނބުރި އޭނާގެ ސޫރަ ބަލާލިއެވެ. ހަޤީޤަތުގައި އެތަކެއް އަހަރަކަށްފަހު ދޮގެއް ނުހަދަންޏާ އޭނާއަށްވެސް އޭނާ ރީތިކަން މިރޭ އިޙްސާސް ކުރެވިއްޖެއެވެ. ޒީޝާ ކުއްލިއަކަށް ތެދުވެގެން ގޮސްފައި އެނބުރި އައީ ރަތްކުލައިގެ މަހުމާ ފޮއްޓެއް ހިފައިގެންނެވެ.

“ދިސް އިޒް ދި އޮންލީ ތިންގް މިސިންގ، ނައު ޔޫ ލުކް ޕާފެކްޓް” އޮފުއަރަމުން ދިޔަ އިތާމުތުގެ ހާރު ޖިޔާގެ ކަރުގައި އަޅުވާލަ ދެމުން ކަންފަތުގައި އެންމެ މުތެއްގެ މައްޗަށް ހަދާފައިވާ ކަންފަތުލާ މުދި ލައްވާލުމާއިއެކު ހަރުކޮށްލަދިނެވެ. ޒުހާ ބޮޑު ބޮޑުކޮށް އަނގަހުޅުވާލުމާއިއެކު އާޝޯހުވެފައި ހުރިކަމުގެ އަޑެއް ލައްވާލިއެވެ.

ޝާކިރާއަށް ފާރަވެރިވަމުން ދިޔަ ޒީޝާ އާއި ޒުހާ، ޖިޔާ އެޕާޓްމެންޓުން ނެރުނީ އެކުދިންގެ މަންމައަށް ނޭނގިއެވެ. ޒުހާ، ޖިޔާ އާއިއެކު ދޮރޯށި ދޮށަށް ދާން ބޭނުންވެފައި ހުއްޓެއްކަމަކު އެކަމަށް މަނާކުރީ ޖިޔާއެވެ. އަނެއްކޮޅުން ޖިޔާގެ އަމިއްލަ ވަގުތަކަށް އެވަގުތުކޮޅު ވާއިރު އެކަމަށް ބުރޫއަރާނޭފަދަ ކަމެއް ކުރަންވެސް ޒުހާ ބޭނުންނުވީއެވެ. ލިފްޓުތެރޭގައި ޖިޔާ ހުރި އިރު އޭނާގެ އަތްވަނީ ގަނޑުފެންކޮޅެއްހާ ފިނިވެފައެވެ. ހިތްބާރަށް ތެޅެމުންދިޔައިރު ހަށިގަނޑުގެ ވިންދުއަވަސްވެފައި ވާހަކަލައެވެ.

ދޮރޯށިން ނުކުން އިރު ނާވީ ހުރީ ފެންނަ ހިސާބުގައެވެ. އޭނާއަށް ޖިޔާފެނުމުން ދެލޯބޮޑުވެ އަނގަހުޅުވިގެން ދިޔައެވެ. އެތެރެއަށް ލީ ނޭވާވެސް ބޭރުކޮށްލަން ހަނދާންނެތިފައި ހުރި ކަހަލައެވެ. ޖިޔާ އަވަސް އަވަހަށް ދޮރޯށިން އެތެރެއަށް ދެމިގަނެ ދޮރުލައްޕަން އުޅުނެވެ. އެވަގުތު ދޮރުދޭތެރެއަށް ނާވީގެ އަތްތިލަލައްވާލަމުން ދޮރޯށި ލެއްޕުނަނުދީ ހުއްޓުވިއެވެ. އަދި ދޮރުހުޅުވާލާފައި އެތެރޭގައި ހުރި ޖިޔާއަށް ބަލާލިއެވެ. އެހިނދު ނާވީގެ ދުލުންވެސް ނުކުތީ ޒީޝާގެ ދުލުން ނުކުންފަދަ ބަސްތަކަކެވެ. ޖިޔާއަށް ތަޢުރީފު ކުރިއެވެ. އެކަމުން ޖިޔާއަށް އުފާ ހާސިލްވިއެވެ. ފިރިހެނެއްގެ ފަރާތުން ތަޢުރީފު ކުރާއަޑު އިވުމުން ބުނެދޭންނޭނގޭ ހިތްހަމަޖެހުމެއް ޖިޔާއަށް ލިބިގެންދިޔައެވެ.

ދެމީހުން ހިނގާފައި ދިޔައީ ކިތަންމެ ކައިރީގައި ތިބެގެންވިޔަސް އެދެމެދުގައި ފަރުދާއެއް ދަމާލެވިފައި ވާކަހަލައެވެ. އިރުއިރުކޮޅާ ޖިޔާ އޭނާގެ އުނގަނޑުގައި އަޅާފައި އޮތް ހިމަބެލްޓުގައި އަތްޖައްސާލައެވެ. ނޫނީ ކަރުގައި އޮތް ހާރުގައި އަތްޖައްސާލެވެއެވެ. އެ ހަމަހިމޭންކަން ރެސްޓޯރަންޓާއި ހަމައަށް ދެވެންދެން އޮތެވެ. ޖިޔާ ފެނި ނާވީގެ ތުންފަތަށް ވެރިވި ހިނިތުންވުން އޭރުވެސް ފިލައިގެން ނުދެއެވެ.

މޭޒުދޮށުގައި ތިބެ ކައިނިންމި އިރު ނާވީ އޭނާގެ ޢާއިލާ އާއި ބެހޭގޮތުން ހުރިހާ އެއްޗެއްހެން ޖިޔާއަށް ކިޔައިދީފިއެވެ. އެތަނުގައި ތަންކޮޅެއް މީހުން ގިނަވުމުގެ ސަބަބުން ޖިޔާއަށް އުނދަގޫވާހެން ހީވާތީ ނާވީ ބޭނުންވީ ބިލްދައްކާލާފައި ޖިޔާ ގޮވައިގެން އެތަނުން އަވަހަށް ނުކުންނާށެވެ. އެހެންވެ ވެއިޓަރު އައުމުގެ ކުރިން ޖިޔާ ގޮވައިގެން އޭނާ ހިނގައިގަތީ ފައިސާދައްކާ ކައުންޓަރާއި ދިމާލަށެވެ. ބިލަށްއެރިވަރު ދައްކާލުމާއިއެކު ޖިޔާ ގޮވައިގެން އެތަނުން ނުކުތެވެ. ދެމީހުން މަޑުމަޑުން ހިނގަމުން ދިޔައީ ވަކި މިސްރާބެއް ނެތިއެވެ. އެހެންނަމަވެސް ދެމީހުންނަށްވެސް ދެވުނީ ޕާކާ ދިމާލަށެވެ. އެހިސާބަށް ދެވުމުން އެކަކު އަނެކަކަށް ބަލާލިއެވެ.

“ހިނގާ މިތާ މަޑުކޮށްލަން، އަދި ވަގުތުއެބައޮތް، ބުނި ގަޑިއަށް އަހަރެން ގެންގޮސްދޭނަން” ނާވީ އަވަސް އަވަހަށް ބުނެލިއެވެ. ޖިޔާ ޕާކަށް ބަލާލާފައި އަނެއްކާވެސް ނާވީގެ މޫނަށް ބަލާލިއެވެ. އަދި ކުރިއަށް ހިނގައިގަތެވެ. ނާވީ ހީނލާފައި ދެޖީބަށް އަތްޖަހާލައިގެން ހުރެ ޖިޔާ އާއިއެކު ކުރިއަށް ހިނގަމުން ދިޔައެވެ. ފުރަތަމަ ޖެހުނު ހިލަގޮނޑީގައި ޖިޔާ އިށީނެވެ. އެއާއިއެކު ނާވީވެސް އެގޮނޑީގައި އިށީނެވެ. އެދެމީހުން އިށީނދެގެން ތިބިއިރު އަދި އެކަކަށް އެދެމީހުންގެ މެދުގައި އިށީނދެވޭނެހާ ތަންހުސްކޮށްއޮތެވެ.

“އަހަރެން ކިހާ ވާހަކައެއް ދައްކައިފިން، ޖިޔާ ހަމަ އަނގައިންވެސް ނުބުނޭ، ކޮންމެވެސް ވާހަކައެއް ދައްކަބަލަ، އަހަރެން ޒީއްތައަށް ގުޅީމަ ހިތްހަމަ ނުޖެހުނީތަ” ނާވީ އާދައިގެ ގޮތަކަށް ގޮނޑީގެ ފަހަތުގައި ފުރަގަހަށްވާގޮތަށް ދެއަތްވިއްދާލަމުން މައްޗަށް ބަލާލާފައި ބުނެލިއެވެ. އެހިނދު ޖިޔާ ވަރަށްވެސް ފުން ބަލާލުމަކުން ނާވީއަށް ބަލާލިއެވެ. އެއްޗެއް ބުނަން ބޭނުންވެގެން އުޅޭކަހަލަ ގޮތަކަށެވެ.

“ޖިޔާ އެއްޗެއް ބުނަން ބޭނުންވަންޏާ އަހަރެން ގާތު ފަސްނުޖެހި ބުނައްޗޭ، ކޮންމެ ވާހަކައެއް ބުންޏަސް އަހަރެން އަޑުއަހާނަން، ހިތްހަމަނުޖެހިދާނެއޭ ހިތަށް އަރާފަ ނުބުނެ ނީނދޭ” ޖިޔާގެ މޫނަށް ބަލާލި ނާވީއަށް، ޖިޔާ އެއްޗެއް ބުނަން އުޅެފަވެސް ފަސްޖެހޭހެން ހީވާތީ ބުނެލިއެވެ.

“ނާވީ، އަހަރެން، އަހަރެން މީހާއިނީ ވަރަށް ޅައުމުރުގައި، ފިރިމީހާއަކީ ރަނގަޅު މީހެއްނޫން، އަހަރެންގެ ނަސީބު ކަންނޭނގެ އޭނާ އަހަރެން ވަރިކޮށްލަން ހިތަށްއެރިކަން އެއީ، އެކަމަކު އަހަރެންގެ މަންމައަކީ ވަރަށް ގޮތްދޫނުކުރާ ބުނާއެއްޗެއްގައި ހިފާއްޓަން ބޭނުންވާ މީހެއް، މިހާތަނަށް އައިއިރު އަހަންނަށް ފާހަގަކުރެވުނު ކަމަކީ، ފައިސާއަކީ މަންމަގެ ބަލިފައިކަމުގައި، އަހަރުމެންގެ ގެ އެއްކޮށް ހަދާދީފައި އެހެރީވެސް ރިހާމު، އެއީ އަހަރެންގެ ކައިވެނީގެ އަގު، އަހަރެންގެ ޢާއިލާ މީހުންނަށް ރިހާމަކީ ކޮންކަހަލަ މީހެއްކަން ބުނެދޭން ވަރަށް މަސައްކަތް ކުރިން، އެކަމަކު އަހަރެންދައްކާ އެއްވެސް ވާހަކައެއް މަންމަ ޤަބޫލެއްނުކުރޭ، ވަރިކޮށްލާފަ ފޮނުވާލީމަ ގެއަށްދާން ނުކެރުނީވެސް އެހެންވެ، އަހަރެން ގެއަށް ދިޔައީ ވަރިކުރިތާ ދެމަސްފަހުން” ޖިޔާ އަތުގައި އޮތް ޓިޝޫކޮޅާއި ކުޅެމުން ވާހަކަދެއްކިއެވެ. ނާވީ އޭނާގެ ހަށިގަނޑު ތެދުކޮށްލައިގެން އިންއިރު އޭނާގެ ހުރިހާ ސަމާލުކަމެއްވަނީ ޖިޔާ ދައްކަމުން ދިޔަ ވާހަކަތަކަށް ދެވިފައެވެ. މިނޫނީ ޖިޔާ އޭނާގެ އަމިއްލަ ހަޔާތާއި ބެހޭގޮތުން އެއްވެސް އެއްޗެއް ނުބުނެއެވެ.

“ޒުހާ ބުނީ ހަމަތެދެއްތާ، ޖިޔާއަށް ކުރެވުނު ކައިވެނީގެ ސަބަބުން އޭނާ އަދިވެސް އެހެންމީހަކާ ގުޅެން ފަސްޖެހެނީ” ނާވީގެ ހިތަށް އެރިއެވެ.

“ޖިޔާ މީހަކާ އިނދެ ދަރިއަކުލިބިފަ ހުރުމަކީ އަހަންނަށް މައްސަލައެއްނޫން، އަހަރެން ޖިޔާއަށް ވަޢުދުވަން އެފަދަ ހިތްދަތިކަމެއް އަހަރެން ޖިޔާއަށް ނުދޭނަންކަން، އަހަރެން އެއަށްވުރެ މާލޯބިވޭ ޖިޔާދެކެ، މިހާރުވެސް އަހަރެން ޖިޔާއަކަށް އެއްވެސް ކަމެއް މަޖުބޫރެއްނުކުރަމެންނު، އަހަރެން އިންތިޒާރު ކުރާނަން ޖިޔާ އަހަންނަށް ލިބޭނެ ދުވަހަކަށް، އަހަރެންގެ އެހީތެރިކަމެއް ބޭނުންވެއްޖެނަމަ އުފަލުން އެހީވާނަން، ޖިޔާ، އެދުވަސްތައްމަތިން ހަނދާންނައްތާލަން މަސައްކަތްކުރޭ، ފަހަތަށް ފިޔަވަޅު އެޅިގޮތަށް ކުރިއަށް ހަމައެފިޔަވަޅު އަޅަން ބިރުނުގަނޭ، އަހަންނަށް އެނގޭ ތީ އެއަށްވުރެ މާހިތްވަރުގަދަ އަންހެންކުއްޖެއްކަން” ނާވީގެ ވާހަކަތަކުން ޖިޔާގެ ހިތަށް ހަމަޖެހުން ލިބުނެވެ. އޭނާ ޖިޔާދެކެ ލޯބިވާވަރުވެސް އެނގުނެވެ. ނަމަވެސް އޭނާ ހަޤީޤަތުގައި ނާވީ ގާތު ބުނަން އެއުޅެނީ މުޅިން އެހެން ވާހަކައެކެވެ. އެކަން ހާމަކުރުމުން ނާވީ އޭނާ އާއިމެދު ދެކޭނޭގޮތް މުޅިން ބަދަލުވާނޭކަން ޖިޔާއަށް ޔަޤީންކުރެވެއެވެ.

“ނާވީ، ތީ ވަރަށް ރަނގަޅުމީހެއް، އެކަމަކު އަހަންނަށްވަނީ ކުށެއްކުރެވިފައި” ޖިޔާ އިސްޖަހާލައިގެން އިނދެ މިހެން ބުނުމުން ނާވީއަށް އޭނާ ބުނަން އެއުޅެނީ ކޮންވާހަކައެއްކަމެއް ނޭނގުނެވެ.

“ކޮންމެ އިންސާނަކަށްވެސް ކުށްކުރެވޭނެ، ކުށެއްނުކުރެވޭ އިންސާނަކު ދުނިޔެއަށް ފޮނުއްވާފައިވޭތަ، ކުށަށް ތަޢުބާވުމާއި މާފުކުރުންވެސް އޮންނަނީ އެހެންވެ” ނާވީ އޭނާގެ ދެކަކުލުގައި އަތްއަޅުވާލަމުން ގުދުވެލީ ޖިޔާގެ އިސްޖެހިފައިވާ މޫނަށް ބަލާލުމަށެވެ.

“އިޝްވާއަކީ ރިހާމުގެ ދަރިއެއްނޫން، އެއީ ނޭނގުމެއްގެ ތެރޭގައިހުރެ އަހަންނަށް ކުރެވުނު ކުށެއް، އެކަމަކު އަހަރެންގެ ހިތުން ފޮހެލަންދަތިވި ހަނދާންތަކެއް، ވީއިރު އަހަރެން ކަހަލަ އަންހެންކުއްޖަކު ނާވީގެ ދިރިއުޅުމަށް ގެންނަން ބޭނުންވާނެތަ، އަނެއްކާ ނާވީގެ ޢާއިލާ މީހުން ނާވީދެކެ އެހާ ލޯބިވޭ، އެމީހުން ބޭނުންވާނެތަ ނާވީގެ ދިރިއުޅުމަށް އަހަރެންކަހަލަ ވިޔާނުދާ އަންހެންކުއްޖަކު އަންނަން” ޖިޔާ ވަރަށް ޖެހިލުންވެފައި އިނދެވެން ނާވީއަށް ހަޤީޤަތް ހާމަކޮށްދީފިއެވެ.

“ޖިޔާ ޤަބޫލުކުރަންތަ އެއީ ޖިޔާއަށް ކުރެވުނު ކުށެއްކަން، ދެން އެފަދަ ކަމެއްނުކުރާނަންކަން” އިރުކޮޅަކު އެއްޗެއް ނުބުނެ އިން ނާވީ ބުނެލިއެވެ.

“ކާކު ބޭނުންވާނީ ދެވަނަ ފަހަރަށް ކުށެއްކުރަން، ހަމަޔަގީނުންވެސް އަހަރެން ބޭނުމެއްނޫން” ޖިޔާގެ އަޑުންވެސް އޭނާ އެވާހަކަތައް އެދައްކަނީ ވަރަށް ހިތްވަރުކޮށްފައިކަން އެނގޭހާވެއެވެ.

“ދަރިފުޅުގެ ބައްޕަ ކޮބާ، އޭނާއަށް އެނގޭތަ އެއްވެސްކަމެއް” ނާވީ ހީވަނީ ޖިޔާ ތަހުގީގުކުރާހެންނެވެ. ސުވާލަކަށްފަހު ސުވާލެއް ކުރަމުން އޭނާ ދިޔައެވެ.

“ނޭނގެ، އެރެއަށްފަހު އޭނާ ގެއްލުނީ، ހޯދަން ދާނެތަނެއްވެސް ނޭނގޭ، ނާވީއަށް އަހަރެން ފުރަތަމަ ފެނުނީވެސް އެފަދަ ރެޔެއްގައި، ވާރޭވެހޭ ކޮންމެ ރެއަކު އަހަރެން މިޕާކަށް އަންނަނީ އޭނާ ހޯދަންވެގެން، އެކަމަކު އެރެޔަށްފަހު އޭނާ މިތަނަކަށް ނާދޭ” ޖިޔާ މިހެން ބުނުމުން ނާވީގެ ހަނދާންތައް މާޒީގެ ސޮފުހާތަށް އުކަންފެށިއެވެ. އެއީތެދެކެވެ. ޖިޔާ އާއި އޭނާ ދިމާވީ އެބުނާފަދަ ވިއްސާރަ ރެއަކުއެވެ. އެފަދަ ކޮންމެ ރެއަކު ޖިޔާ އެކަނިމާ އެކަނި އެޕާކަށް އެއަންނަނީ އެހެންވީމަތާއެވެ. ނާވީ ފުންނޭވާއެއް ލިއެވެ. އޭނާގެ ހިތާ ސިކުނޑިއަށް ޖިޔާގެ ހުރިހާ ވާހަކަތަކެއް ހަޖަމުކުރުމުގެ ގޮތުންނެވެ.

“ޖިޔާ ޢާއިލާ މީހުން ގާތު މިވާހަކަ ނުބުނަންތަ” އިރުކޮޅަކު މަޑުމަޑުން އިނދެލާފައި ނާވީ އަހާލިއެވެ.

“މަންމަ ޤަބޫލުކުރާކަށް ބޭނުމެއްނޫން، އިޝްވާގެ ރަޖިސްޓްރޭޝަންގެ ކަންތައްތައްވެސް ނިންމީ މަންމަ، އުފަންދުވަހުގެ ސެޓްފިކެޓް އަތަށް އެރިއިރު ފެނުނި މަންމަ ހަދާފައޮތް އެއްޗެއް، އޭގައިވަނީ އިޝްވާއަކީ ރިހާމުގެ ދަރިއެއްކަމަށް، އިތުރަށް އެކަމާ ޖަދަލުކުރާނެހޭ ހިތްވަރު އަހަންނަށް ނުލިބުނީ، އަހަރެންގެ ދަރިފުޅަށް ވާނޭ ގޮތަކާއިމެދު އަހަރެން ބިރުގަތީ، ދުނިޔެއަށް އެކުއްޖާ ކުރިމަތިލާއިރު އަހަރެންގެ ސަބަބުން އެދަރިފުޅު ލަދުގަންނަން ޖެހިދާނެތީ އެއްވެސް ކަމެއް ބަދަލުކުރަން ބޭނުންނުވީ… ނާވީ، އަހަރެންގެ މައްސަލައެއްނެތޭ ނާވީ އަހަންނާ ނުގުޅުނަސް، ކުރިންވެސް އެނގޭ ހަޤީޤަތް އެނގުނީމަ ނާވީއަށް އަހަންނާއިއެކު އުޅެން ފަސޭހައެއްނުވާނެކަން، އަހަރުމެންގެ ދެމެދުގައި މިއޮތް ގުޅުމަށް ގިނަ ޒަމާންތަކެއް ނުވަނީސް މިކަން އަންގަން ބޭނުންވީ، އެހެންނޫނީ އަހަންނަށް އަހަރެންގެ އަމިއްލަ ނަފްސުކުށްވެރިކުރެވޭލެއް ބޮޑުވާނެތީވެ، ނާވީ ކަހަލަ މީހަކަށް ކަންތައްތައް އޮޅުވާލައިގެން އުޅޭކަށް ޚުދު އަހަރެންގެ ޟަމީރުވެސް އެއްބަހެއްނުވޭ” ޖިޔާ މިޒަޑުމަޑުން ތެދުވެގެން އައިސް އެއްފަރާތެއްގައި ނާވީއަށް ފުރަގަސްދީގެން މަޑުކޮށްލިއެވެ.

ނާވީ ޖިޔާއަށް ބަލަހައްޓައިގެން އިނީއެވެ. އޭނާ ކޮންމެވެސް ކަމަކާ ވިސްނަނީއެވެ. މާގިނައިރަކު އެހެނެއްވެސް ނީނދެވުނެވެ. ތެދުވެގެން މަޑުމަޑުން ހިނގާލާފައި އައިސް ޖިޔާގެ ދާދިގާތުގައި ހުއްޓުނެވެ. ޖިޔާ ރޮނީކަން އެނގުނީ ދެނެވެ. ޖިޔާގެ ކޮނޑުގައި ހިފާ އޭނާ އާއި ދިމާލަށް އަނބުރާލަން ހިތަށް އަރާފަވެސް ނާވީ މަޑުޖެހުނެވެ.

“ޖިޔާ” ކަންބޮޑުވެފައި ހުރި ގޮތަށް އޭނާ ބަލަން ހުރެފައި ޖިޔާއަށް ގޮވާލީ މަޑުމަޑުންނެވެ.

ޖިޔާ ދެއަތުން އޭނާގެ ދެލޯ ފޮހެލާފައި ފަހަތަށް އެނބުރިލިއިރު އޭނާގެ ގައިގާ ޖެހޭނުޖެހޭ ހިސާބުގައި ނާވީ ހުރިތަން ފެނުމުން ދެލޯ ބޮޑުކޮށްލެވުނެވެ. ހިތުގެ ހިނގުން އަވަސްވިއެވެ. ހަތަރުކަޅި ބައްދަލުވި ވަގުތު ނާވީއަކަށްވެސް މަޑަކުން ނުހުރެވުނެވެ. ޖިޔާގެ ކޮނޑުގައި ހިފާލުމާއިއެކު ދެއަތުގައި ފިރުމާލަމުން ނާވީގެ އަތުގެތެރޭގައި ޖިޔާގެ އަތްތިލައަށް ބާރުކޮށްލިއެވެ. ދެމީހުންނަށް އެކަކު އަނެކަކަށް ބަލަހައްޓައިގެން ހުރެވުނީއެވެ. ނަމަވެސް އެހަމަހިމޭންކަމުގެ ތެރެއިން އިސްޖަހާލީ ޖިޔާއެވެ. އޭނާގެ މޫނު ނާވީ އާއި ވަކިކޮށްލުމާއިއެކު އަނެއްފަރާތަށް އެނބުރެން މަސައްކަތްކުރިއެވެ. ނަމަވެސް ނާވީ ކުއްލިއަކަށް އޭނާ ގެނެސް އެއަތުގެތެރެއަށްލިއެވެ. ޖިޔާގެ މޫނު އޭނާގެ މޭގެތެރޭ ފޮރުވާލަމުންނެވެ.

“އަހަންނާ އިންނާނަންތަ” ނާވީ އަހާލިއެވެ. އެއާއިއެކު ޖިޔާ އަނެއްކާވެސް ދުރަށް ޖެހިލަން މަސައްކަތްކުރިއެވެ.

“ތިހެން ހުރެ އަހަންނަށް ޖަވާބެއް ނުދެވޭނެތަ” ނާވީ ކުރިއަށްވުރެވެސް ބޮޑަށް ޖިޔާ އޭނާގެ ގަޔާއިލާ ފިއްތާލަމުން ބުނެލިއެވެ.

“ނާވީ އަދިވެސް އަހަންނާ ގުޅެން ބޭނުންވަނީތަ، އަހަންނާ އިޝްވާއަކީ ކުޑަޒިންމާއެއް ނޫނޭ” ޖިޔާ ބުނެލިއެވެ.

“އަހަރެން ތިދެމައިންނަށް ދެރަވާނޭ އެއްވެސް ގޮތަކަށް ނުވިސްނަން، އަހަންނަށް އެނގޭ ޖިޔާގެ ހިތުގައި އަހަންނަށް އޮތް މަގާމު، އެކަން އިތުރަށް ހާމަނުކުރިޔަސް އަހަންނަށް މިރޭ އެނގިއްޖެ، އަހަރެން އެއްވެސް ކަމަކު ޖިޔާ ކުށްވެރިއެއްނުކުރަން، އެކަމަކު އަހަރެން ބޭނުންވަނީ މީގެ ފަހުން ޖިޔާ އާއި އިޝްވާއަކީ އަހަރެންގެ ހަޔާތުގައި ފުރިހަމަނުވެ އޮތްބައި ކަމުގައިވާން، އަހަންނަށް ޖިޔާއަށް ލޯބިދެވޭނީ، އަދި ޖިޔާގެ ދަރިފުޅަށް ބައްޕައެއްގެ ލޯބިދެވޭނީވެސް އަހަރެންގެ މީހަކަށް ޖިޔާ ވީދުވަހަކުން، އެހެންވެ މިއަހަނީ އަހަންނާ އިންނާނަންހޭ، އަހަރެން ޖިޔާދެކެ ލޯބިވާވަރު ސިއްރުވެފައެއްނޯންނާނެ، އެލޯބި ސާބިތުކޮށްދޭނޭ ފުރުޞަތެއް އަހަންނަށް ދީ” ނާވީ ލޯތްބާއިއެކު ބުނެލިއެވެ.

“އާން! ނާވީ އަހަންނާއި ކައިވެނިކުރަން ހުރިއްޔާ އަހަރެންގެ އެއްވެސް މައްސަލައެއްނެތް” ޖިޔާ، ނާވީގެ މޭގައި މޫނުޖައްސާލައިގެން ހުރެ ބުނެލިއެވެ. އެއަޑު އަހާފާއި ނާވީ ވީއުފަލުން ޖިޔާ އުރާލާފައި ބިމުގައި ބެހެއްޓިއެވެ. އަދި ލޯތްބާއިއެކު ޖިޔާގެ މޫނުގައި ދެއަތުން ހިފާލާފައި ގެނެސް ނިތްކުރީގައި ނާވީ ބޮސްދިނެވެ.

“ވީ އެންމެ އަވަހަކަށް ކައިވެނިކުރަން އަހަރެން ބޭނުން، ދޮންތަ އާއި ބައްޕަ ގާތު ޖިޔާގެ ވާހަކަދައްކާނަން، އަހަރެން މިރޭ ވަރަށް އުފާވެއްޖެ، ދުވަހަކުވެސް ޖިޔާ ހިތުގަޖެހޭވަރުކަމެއް އަހަރެން ނުކުރާނަން، މިރެއިން ފެށިގެން ތީ އަހަރެންގެ އަމާނާތެއް، ލޯބި ލޯބި އިޝްވާއަކީ އަހަރެންގެވެސް ދަރިއެއް” ނާވީ ހިނިތުންވެލައިގެން ހުރެ ބުނެލިއެވެ.

ގެއާއި ދިމާލަށް ނާވީ އާއި ޖިޔާ އައިރު އެމީހުންގެ އަތްތިލަވަނީ ޖޯޑުކޮށްލެވިއެވެ. އެކަކުއަނެކަކުގެ އިނގިލިތަށްވަނީ ލާމެހިފައެވެ. ޖިޔާ އެތަށް ފަހަރަކު ފޮޅުވާލި އަތުގައި މިހާރު އޭނާ އެހުރީ ހިފައިގެންނެވެ. އިރާދަކުރެއްވިއްޔާ އުމުރުގެ ބާކީ އޮތްބައި އެގޮތުގައި ހޭދަކުރުމުގެ ނިޔަތުގައެވެ. ނާވީ އާއިއެކު އޭނާގެ އަންބެއްގެ ގޮތުގައެވެ. ޢާއިލާ މީހުން ގާތު އެނިންމުގެ ވާހަކަ ބުނާނީ ކިހިނެއްބާއޭ ދެމީހުންގެ ހިތުގައިވެސް ވަނީ ސުވާލު އުފެދިފައެވެ. އެހެންނަމަވެސް އެކަން ހާމަނުކޮށް ގިނަދުވަސްތަކެއް އިތުރަށް ވޭތިކުރާކަށް ޖިޔާ ބޭނުމެއްނޫނެވެ. އެއީ ނާވީ އެމީހުންގެ ކައިވެނި އަވަސް ކުރަން ބޭނުންވާތީއެވެ. ހަޤީޤަތުގައި ޖިޔާ ޚިޔާލުބަދަލުވެދާނެތީ ނާވީ ކަންބޮޑުވެއެވެ. ކައިވެނި އަވަސްކުރަން ބޭނުންވަނީ އެހެންވެއެވެ. ޖިޔާވެސް ބޭނުންވެފައި ހުއްޓާ އެކަން ނިންމާލެވޭތޯއެވެ.

މެންދުރު ކާން އިން ނާވީ ހެނދުނުއްސުރެން ވާހަކައެއް ދައްކަން އުޅޭހެން ނުހާއަށް ވަނީ ހީވެއެވެ. އެހެންވެ އެއީ ކޮންވާހަކައެއްތޯ އެނގެން ނުހާ އިނީ ބޭނުންވެފައެވެ. ނަމަވެސް ނާވީ ދުރުދުރުން ވާހަކަ ފަށާފަވެސް ނިންމާލަނީ އޭނާ ބުނަން ބޭނުންވެފައި އިން އެއްޗެއް ނުބުނެއެވެ.

“ނާވީ، ކޮންވާހަކައެއްތަ ދޮންތަ ގާތު ނުބުނެވިގެން ތިއުޅެނީ” އެންމެފަހުން ނީނދެވިގެން ނުހާ އަހާލިއެވެ.

“ދޮންތާ، އަހަރެން… އަހަރެން ކައިވެނިކުރަން ނިންމައިފިން” ނާވީ މިހެން ބުނެލުމާއިއެކު ނުހާގެ ދެލޯ ބޮޑުވެގެން ދިޔައެވެ.

“ކައިވެނިކުރާށޭ، ކާކާ” ނުހާއަށް ލިބުނު ހައިރާންކަމާއިއެކު އަހާލިއެވެ.

“އަންހެންކުއްޖަކާ” ނާވީ ޖަވާބު ކުރުކޮށްލުމުގެ ގޮތުން ބުންޏެވެ.

“ނަސީބެންނު އަންހެން ކުއްޖަކަށްވީކަން، ސީރިއަސްކޮށް ބުނެބަލަ ދޮންތަ ގާތު، ކިހިނެއް ކޮންއިރަކު ހިނގައިދިޔަ ކަމެއްތީ” ނުހާގެ ހުރިހާ ސަމާލުކަމެއް ކުރިމަތީ އިން ނާވީއަށް ހުއްޓުނެވެ.

ނާވީ، ޖިޔާގެ ވާހަކަ ނުހާއަށް ކިޔައިދިނެވެ. އޭނާވެސް ޖިޔާގެ ސިއްރު ސިއްރެއްގެ ގޮތުގައި ބޭއްވިއެވެ. ޢާއިލާއަށް ކިޔާދިނީ ކޮންމެހެން ޖިޔާ އާއި ބަހޭގޮތުން އެނގެން ޖެހޭނެ ކަންތައްތައް އެކަންޏެވެ.

“ކުއްޖެއްވެސް ހުރި މީހަކާ އިންނައިރު، އެއީ ހާދަ ބޮޑު ޒިންމާއެކޭ، ނާވީ އަދި އެފަދަ ޒިންމާއެއް އުފުލޭވަރަށްވުރެ މާ ޅައެންނު” ނުހާއަށް ބުނެވުނެވެ. އެކަމާ ނާވީ ދެކޮޅު ހެދިއެވެ.

“ދޮންތާ، ޖިޔާގެ ކުށެއްނޫނެންނު އޭނާގެ ފިރިމީހާ އޭނާ ދޫކޮށްލާފައި ދިއުމަކީ، އެހެންނޫނަސް ވަކި ބަޔައެއްތަ އެފަދަ މީހުނާއި ގުޅެން ޖެހެނީ، ދަރިއަކު ހުންނަންޏާ އިނދެގެން ނުވޭ، ކުރިން މީހަކާ އިނދެފަ ހުރިއްޔާ އެއީ ރަނގަޅު ކުއްޖެއްނޫން، ދެން އެފަދަ އަންހެންކުދިންނަށް އެއްވެސް އުފަލެއް ލިބުން ނެތީތަ، ކޮންމެވެސް ބަޔަކު އެމީހުންނާއި ގުޅެންވެސް ވާނެއެންނު” ނާވީގެ ޚިޔާލު ނުހާއަށް ކަމުދިޔައެވެ. އެހެންނަމަވެސް އޭނާ ކަންބޮޑުވީ ބައްޕަ ފުއާދުގެ ޚިޔާލާއި މެދުއެވެ. ނާވީގެ ކައިވެންޏަށް ނުޤަބޫލުވިޔަސް ނުޤަބޫލުވާނީ ފުއާދުކަން ނުހާއަށް އެނގެއެވެ.

* * * *

“ކީއްވެ ނުޤަބޫލުވާންވީ” ޖިޔާގެ ކޮޓަރީގެ އެނދުމައްޗަށް އަރާ އިން ޒުހާ ބުންޏެވެ. އޭރު ޖިޔާ އިނީ ދަރިފުޅު އުނގަށްލައިގެން ނިދަވަންށެވެ.

“މަންމަ އަދިވެސް އެހުންނަނީ ރިހާމު އަންނާނެ ކަމަށް ހީކޮށްގެން، އަނެއްކޮޅުން މަންމަ އަދިވެސް ބޭނުންވަނީ އަހަންނާއި ރިހާމު ގުޅެން، އަހަރެން ރުޅިގަދަވެ ދަރިފުޅުގޮވައިގެން ނުކުމެގެން ހިނގައިދާނެތީވެ އެވާހަކަދެއްކުން ހުއްޓާލައިގެން އެހުންނަނީ، ދެން ކިހިނެއް މަންމަ ގާތު ބުނާނީ އަހަރެން މިއުޅެނީ ރިހާމު ނޫން އެހެންމީހަކާ ކައިވެނިކުރާށޭ، އަހަރެން ބޭނުމެއްނޫން އަނެއްކާ ބޮޑު ހަމަނުޖެހުމެއް އުފެދޭކަށް” ޖިޔާ މަޑުމަޑުން ބުނެލިއެވެ.

“ކީއްވެތަ ހަމެނުޖެހުމެއް އުފެދޭނީ، ރިހާމުގެ ގޮތްކުޑަކަމާއި އޭނާގެ ނުބައިކަން އިތުރަށް އަހަރުމެންނަށް އެނގެންޖެހޭތަ، އަހަރެން ހަމަގައިމުވެސް ޤަބޫލެއް ނުވާނަން އަލުން ރިހާމައި ޖިޔާ ގުޅޭކަށް، މަންމަ ޖެހޭނީ ޖިޔާ އާއި ނާވީގެ ކައިވެންޏަށް ޤަބޫލުވާން، ޖިޔާ ހާސްނުވޭ، އަހަންނާ ޒުހާ މިތިބީނު، ކުރިން ވާނުވާ ނޭނގިގެން އުޅުނަސް މިފަހަރު އެހެނެއްނުވާނެ، ޖިޔާ ބޭނުންވަނީ ނާވީ އާއި ކައިވެނިކުރަންކަމަށްވަނީނަމަ އެކަން އަހަރުމެން ކޮށްދީފަ ހުއްޓާލާނީ، ދޯ ޒޫއްކޮށް” ޒީޝާ ބުނެލިއެވެ.

“އަހަންނަކަށް ނުކެރޭނެ މަންމަ ގާތު އެވާހަކަ ދައްކާކަށް” ޖިޔާ ބުނެލިއެވެ.

“ޖިޔާ އެއްވެސް ކަމެއް ކުރާނެ ކަމެއްނެތް، މީނދީނު މިގޭ އަނގަގަދަ މިތުރު، މީނަ ގޮވައިގެން މަންމަ ގާތަށް ގޮސް މަޑުކޮށްލަނިކޮށް އެވާހަކަ އޮންނާނީ ދެކެވިފަ” ޒީޝާ މިހެންބުނެ ޒުހާގެ ކޮނޑުގައި އަތްއަޅާކޮށްޕާލަމުން ހޭންފެށިއެވެ. ޖިޔާ އާއި ޒުހާވެސް ހޭންފެށިއެވެ. ޒީޝާ އެހެން އެބުނީ ޒުހާއަށްކަން ޚުދު ޒުހާއަށް އެނގުނެވެ.

މެންދުރުންއަނބުރާ ތިނެއްޖަހަން އުޅެނިކޮށް އެޕާޓްމެންޓުގެ ބެލްޖެހިއަޑު އިވުނެވެ. ސޯފާގައި ހުރި ކުޝަންތައް ރީތިކޮށްލާފައި ޓީވީ ނިއްވާލި ޝާކިރާ ހިންދެމިލަމުން ދޮރާ ދިމާލަށް ބަލާލީ ހައިރާންވެފައެވެ. މިގަޑީގައި އަންނާނީ ކާކުބާއޭ އަމިއްލަ ސިކުނޑިއާއި ސުވާލުކޮށްލާފަދަ ގޮތަކަށް ބަލަހައްޓައިގެން ހުރެފައި ސިޓިން ރޫމު ކާޕެޓު ވެކިއުމް ކޮށް ނިމިގެން އެއްފަރާތުގައި ބަހައްޓާފައި ހުރި ވެކިއުމް ކްލީނަރ ހިފައިގެން އެތެރެއަށް ހިނގައިގަންނަން އުޅުނީ ދެވަނަ ފަހަރަށް ބެލް ނުޖެހުމުންނެވެ. ނަމަވެސް މާދުރަށް ނުދެވެނީސް އަނެއްކާ ބެލްޖަހައިފިއެވެ. އެއްފަރާތެއްގައި ވެކިއުމް ކްލީނަރ ބަހައްޓާފައި ޝާކިރާ އައިސް ދޮރުހުޅުވާލިއެވެ. އެއާއިއެކު ދޮރުމަތީ ހުރި މީހާ ފެނި އޭނާއަށް ހުއްޓުން އެރިއެވެ.

“ރި… ރި.. ރިހާމު…” ޝާކިރާއަށް ޝޮކެއް ލިބިފައި ހުރިކަހަލައެވެ.

“ޖިޔާ އާއި ބައްދަލުކޮށްލަން ބޭނުން” އިސްޖެހިފައި ހުރެ ރިހާމު މަޑުމަޑުން ބުނެލިއެވެ. އެއާއިއެކު ޝާކިރާގެ މޫނުމަތި އުޖާލާވެގެން ދިޔަކަހަލައެވެ. ހިނިތުންވެލިގޮތަށް އަވަސް އަވަހަށް އެތެރެއަށް ޖެހިލިއެވެ.

“އާދޭ، ސޯފާގައި މަޑުކޮށްލާ، ޖިޔާ އެބައުޅޭ ކޮޓަރީގައި، ކުޑަމަންޖެ ނިންދަވަން ވަންގޮތަށް އަދި ނުނިކުމޭ… މިއަންނަނީ ޖިޔާއަށް ގޮވާލާފައި” ޝާކިރާ އުފަލުން ހުރެ ވާހަކަދެއްކިއެވެ. އަދި ރިހާމު ސޯފާގައި އިށީނުމާއިއެކު ޝާކިރާ ހަލުވިކަމާއިއެކު ހިނގައިގަތީ ޖިޔާގެ ކޮޓަރި އާއި ދިމާލަށެވެ.

“ދަރިފުޅާ، ނުކުމެލަބަލަ، އެބައިން ދަރިފުޅު ހޯދަން ކުއްޖަކު އައިސް، ރީތިވެލައިގެން ނުކުއްނައްޗޭ” ޝާކިރާ މިހެން ބުނުމުން ކޮޓަރީގައި ތިބި ތިންބެއިންގެ މޫނުމަތިންވެސް ފެނިގެން ދިޔައީ ހައިރާންކަމެވެ. ޖިޔާ މަޑުމަޑުން ތެދުވެ ކުޑައެނދުގައި ދަރިފުޅު ބާއްވާލުމާއިއެކު ޝާކިރާ އާއި ސުވާލުކުރިއެވެ.

“ކާކު އައީ، އަހަރެން ހޯދަންތަ އައީ” ޖިޔާއަށް ޤަބޫލުނުކުރެވިގެން އަހާލިއެވެ.

“އާނއެކޭ، ދެންވެސް އަވަސްކޮށްގެން ނުކުމެބަލަ، ކަލޭމެން ނުކުންނާނެކަމެއްނެތް، ތިތާ ތިބެވޭތޯ ބަލާ” ޝާކިރާ މިހެން ބުނުމުން ކޮންމެވެސް ނުބައެއް އެބައުޅޭހެން ޒީޝާއަށް ހީވިއެވެ. އޭނާ ޖިޔާގެ އެނދުމަތިން ފައިބައިގެން އަންނަން ފެށުމުން އޭނާގެ ފަހަތުން ޒުހާވެސް އައެވެ.

“އަހަރުމެންވެސް ބޭނުން ބަލަން ޖީ ހޯދަން އައީ ކާކުތޯ” ޒުހާ ބުނެލިއެވެ.

“އެހެންވިޔަސް ހެޔޮ، ކޮންމެހެން ސިޓިން ރޫމަށް ކަލޭމެން ދެމީހުންތުރެ އެކަކުވެސް ނުކުމެގެން ނުވާނެ” ޝާކިރާ މިހެން ބުނުމުން އަދި ވަކިން އެގެއަށް އައީ ކާކުތޯ ބަލާހިތް ޒުހާ ވިއެވެ.

(ނުނިމޭ)

Leave a Comment

Your email address will not be published. Required fields are marked *