THEMI VAAREYGA VEEMEY [PART 4]

މެޔާއި ދިމާލުން ދެއަތް ހުރަސްކޮށްލައިގެން އަތުގެ މުލައްދަނޑީގައި ދެއަތުން ހިފާއްޓާލައިގެން ހުރެ ރޮމުން ދިޔަ ޖިޔާއަށް ކުއްލި ސިހުމެއް ލިބުނީ އޭނާ އާއި ދެތިން ފިޔަވަޅު ދުރުގައި ހުރި ޒުވާނާ ފެނުމުންނެވެ. އަވަސް އަވަހަށް ވަށައިގެން ހޯދާލެވުމާއިއެކު އެމީހަކު އައީ ކިހިނެއްކަމާއިމެދު ސިކުނޑި ހޯދަން އުޅުނެވެ. ކަރުނުން ފުރިފައިވި ދެލޮލުން ޖިޔާ އެޒުވާނާއަށް ބަލާލީ ސިއްރުންނެވެ. ތުނިކޮށް ކޮށާލެވިފައި ހުރި ތުނބިޅި އާއިއެކު މޫނުމަތީގައި ޖަހަނީ ހަރުވައްތަރެވެ. އިސްކޮޅުން ބޮޑުވެފައި މީހާގެ ޝަހުޞިއްޔަތު ވަރުގަދަ ކަމަށް ދައްކައެވެ. ވެހެމުން ދިޔަ ވާރޭގައި އޭނާ އެކީހެން ހުރީ ތެމި ފޯވެފައެވެ. ބޮލުގެ އިސްތށިގަނޑު ހިސާބަކަށް ދިގުނަމަވެސް އޭނާއަށް ލިބިފައިވަނީ ބުޅި އިސްތަށިގަނޑެކެވެ. ނިތްކުރިމަތިން ރާޅުބާނިތަކެއްހެން ތެމިފައި ހުރި އިސްތަށިތައް ފައިބާފައި ހުއްޓެވެ. ނަމަވެސް އޭނާއަށް އެކަމުން އެއްވެސް އުނދަގުލެއް ނުވާ ކަހަލައެވެ. ވަރުގަދަ ބުމަ އާއިއެކު ބަލަންހުރި ގޮތުން އޭނާގެ ލޯ ކޮންމެވެސް ކަމެއް ހޯދާހެން ހީވިއެވެ. މަޑުމަޑުން ޖިޔާއަށް ފަހަތަށް ފިޔަވަޅު އަޅާލުމާއިއެކު ވަކިން ބޮޑަށް ގަހާއި ކައިރިވެލެވުނެވެ.

“ކީއްވެ ތި ރޮނީ، މި ގަޑީގަ އެކަނިމާއެކަނި ނުކުމެ ތިއުޅެނީ ކޮންތާކަށް ދާން” އެ ޒުވާނާ އަހާލިއެވެ. ނަމަވެސް ޖިޔާ އެއްވެސް އެއްޗެއް ނުބުންޏެވެ. ކުރިއަށްވުރެ ބޮޑަށް ޖިޔާއަށް ރޮވުނީއެވެ.

“ތަނަކަށް ދާން ބޭނުންވަނީތަ، ގެއްލިގެންތަ ތިއުޅެނީ” އަނެއްކާވެސް އެޒުވާނާގެ ފިރިހެންވަންތަކަމުން ފުރިގެންވި އަޑު ޖިޔާގެ ކަންފަތުގައި ޖެހުނެވެ. އެ އަޑުގައި ބީރައްޓެހިކަމަށްވުރެ ގާތްގޮތެއް ހުރިކަން ފާހަގަވިއެވެ. ޖިޔާއަށް އޭނާގެ އަމިއްލަ ހާލާމެދު ވިސްނިވަރަކަށް ބޮޑަށް ރޮވެމުންދިޔައެވެ. އޭނާއަށް ދުރުހިލޭ މީހުންވެސް މާ ރަނގަޅުވާނެއޭ ހިތަށް އެރިއެވެ. ގަސްބުޑުގައި ހުރި ފަތްތަކުގެ މަތީ ރޮމުން ރޮމުން ހުރިތަނަށް ތިރިވި ޖިޔާގެ ދެކަކޫ ޖެހުނެވެ. އޭނާ ރުއިން ހުއްޓާލާކަށް ނޫޅެއެވެ. އެކަމުން އެ ޒުވާނާގެ ހިތަށް އުނދަގޫވިއެވެ. މަޑުމަޑުން އައިސް ޖިޔާގެ ގާތުގައި އޭނާގެ ކުރިމަތީ ދެކަކޫމައްޗަށް ތިރިވެ ޖިޔާގެ ކޮނޑުގައި އޭނާ ހިފާލިއެވެ. އެއްވެސް ލިސާނެއް ޖިޔާގެ ފަރާތުން ނުފެނުނެވެ. ދެންވެސް އެ ޒުވާނާ ޖިޔާގެ ދަތްދޮޅީގައި ހިފާ އޭނާ އާއި ދިމާލަށް އުފުލާލަން އުޅުނެވެ. އެއާއިއެކު ޖިޔާ އެޒުވާނާގެ އަތް ފޮޅުވާލިއެވެ. އެހެންނަމަވެސް އެޒުވާނާ މަޑަކުން ނީނެވެ. ޖިޔާ ރޯންޖެހުނު ކަމެއް އެނގެން އޭނާ ބޭނުންވަނީ ކީއްވެކަމެއް ޚުދު އޭނާއަކަށްވެސް ނޭނގެއެވެ. ހިތަށް އުނދަގޫ ވަނީ ކީއްވެކަމެއް ނޭނގެއެވެ. އޭނާ ޖިޔާގެ ކޮނޑުގައި ހިފާލާފައި ގެނެސް މޭގައި ޖައްސާލަމުން އޭނާގެ ބޮޑުދެއަތުގެ ތެރޭ ޖިޔާ ފޮރުވާލިއެވެ. އެއާއިއެކު ޖިޔާ ހީވީ ވެހެމުންދިޔަ ވާރޭ އާއިއެކު ފެނަށްވެގެން ފައިބަން އުޅުނުހެންނެވެ. އިރުކޮޅަކު އެއަތުގެ ތެރޭ ޖިޔާ ހިފާއްޓާލައިގެން އިނުމަށްފަހު އެ ޒުވާނާ ޖިޔާ ދުރުކޮށްލަމުން ދަތްދޮޅީގައި ހިފާ އޭނާ އާއި ދިމާލަށް އުފުލާލިއެވެ. ރޮވިފައިވާ އެ ދެލޯ އެހާ ގާތުން ފެނުމާއިއެކު އެ ޒުވާނާއަށް ކުއްލި ސިހުމެއް ލިބުނެވެ. ނަމަވެސް އެ ރީތި ލޮލާއި ލޯ ވަކިކޮށެއް ނުލެވުނެވެ. މައުސޫމު ކަމުން ފުރިގެންވި އެކުޑަކުޑަ މޫނުގައި ދެއަތުން ހިފާލެވުނީ ބޭއިޙްތިޔާރުގައެވެ. ޖިޔާގެ ކޯތާފަތް ދެއަތުން ފޮހެލަދެމުން ނުރޯށޭ އެ ޒުވާނާ ބުންޏެވެ. ޖިޔާއަށް ވީގޮތެއް ނޭނގުނެވެ. އެ ނުދަންނަ ޒުވާނާގެ އެންމެ ބީހިލުމަކާއިއެކު އޭނާގެ ހިތް މަޑުވެ ސިކުނޑީގެ މަސައްކަތް މަޑުޖެހުނު ކަހަލައެވެ. އެސްފިޔަ ޖަހާލުމެއްނެތި ބަލަން އިނދެވުނީ ހަމައެކަނި އެ ޒުވާނާއަށް އެކަންޏެއް ނޫނެވެ.

“ހިތަށް މަގުއޮޅުވާލާ ފަދަ ރީތިކަމެއް، އެ ރީތި ދެލޮލުގެ ތޫނުފިލިކަމުން އަހަންނަށް ސިހުރެއް ޖެހިއްޖެ ފަދަ، ހިތުގެ ހިނގުން އަވަސްވެ، ހަށިގަނޑުގެ ވިންދު އަވަސްކުރުވައިފި، ނޫން، ނޫން، ހިތްއެދޭހާ ގޮތަށް ކަންތައްކުރަނިކޮށް ފަހުން ދެރަވާން ޖެހިދާނެ… އެކަމަކު… އެކަމަކު… ކަލާގެ ތި މަސްތީ ފަރިކަމުގެ ޝިކާރައަކަށް އަހަރެންވެ މިއޮށް ނިމެނީ…”  އެ ޒުވާނާގެ ހިތަށް އަރަމުން ދިޔައެވެ. ބޭނުން ނުވިނަމަވެސް އޭނާއަށް އޭނާގެ ހަރަކާތްތަކެއް ނުހުއްޓުވުނެވެ. ޖިޔާގެ ލޮލުން ވެއްޓުނު ކަރުނަތިއްކާއިއެކު އެ ޒުވާނާގެ ތުންފަތް ޖިޔާގެ ކޯތާފަތުގައި ބީހިލިއެވެ. އެހިނދު އޭނާގެ ހޫނުނޭވާ ޖިޔާއަށް އިޙްސާސްވެގެން ދިޔައެވެ. ކީއްވެކަމެއް ނޭނގެއެވެ. ޖިޔާވެސް އެޒުވާނާގެ ހަރަކާތްތައް ހުއްޓުވާކަށް މަސައްކަތެއް ނުކުރެވުނެވެ.

ވާރޭގެ ތެރޭގައި ތެމެމުން ދިޔަ ފިނިފެންމަލެއްފަދައިން ޖިޔާގެ ފިޔަތައް ރޫޅެމުންދިޔައެވެ. ފިޔަޔަކަށް ފަހު ފިޔައެކެވެ. ހާމަވަމުން ދިޔަ ތުނި ހަށިގަނޑުން އެ ޒުވާނާގެ ނޭވާ ފުންވެއްޖެއެވެ. ގަހުގެ ފަތްތަކުގެ ތެރެއިން ވެހެމުން ދިޔަ ވާރޭގެ ތިކިތަކުން އެރީތި މޫނު ބަބުޅަމުން ދިޔައެވެ. މަޑުރަތްކުލަ އަކަށް ބަދަލުވެގެން ދިޔަ ޖިޔާގެ ތުންފަތާއިއެކު އެ މާ ފޮޅެލީ، ކަރަނގަޑަށް ތިރިކުރަން ދައުވަތު ދެމުންނެވެ. ވާރޭގެ ކޮންމެ ތިއްކަކާއިއެކު ދެހިތް އުތުރި އަރާ ކަހަލައެވެ. ދެހިތްގުޅި ލާމެހިފައިވާ ކަހަލައެވެ. އެ ޒުވާނާގެ ކޮންމެ ބީހިލުމަކާއިއެކު ޖިޔާއަށް އޭނާއާއި ގާތަށް ޖެހިލެވެއެވެ. އެއްވެސް ބިރެއްނެތިއެވެ. ފުރަތަމަ ފަހަރަށް ޖިޔާއަށް މުޅިން އާ އިޙްސާސެއް ކުރެވިގެން ދިޔައެވެ. ހިތަށް ހަމަޖެހުން ގެނެސްދިން އުފާވެރި އިޙްސާސްތަކެކެވެ. ތެމިގެންގޮސް އެކުވެފައިވާ ހިކިފަތްތަކުގެ މަތީގައި އެއްޖިސްމުހެން ދެހަށިގަނޑު ވީހިނދު، ލިބިގަންނަމުން މިދަނީ ދެމީހުންކުރެ އެކަކަށްވެސް ހުއްދަނޫން އަރާމަކާއި ލައްޒަތެއްކަން ކުޑަކޮށްވެސް ހަނދާނެއް ނެތެވެ. ޖިޔާއަށްވެސް އޭނާގެ އަމިއްލަ ހަށިގަނޑުގައި އެފަދަ ގަދަ އޮއެވަރެއް އުފެދިދާނެކަން މީގެ ކުރިން ދުވަހަކުވެސް ފަހުމްވެފައެއް ނުވެއެވެ. އެކަކު އަނެކަކުގެ ބީހުންތަކަށް މަރުހަބާ ކިޔުނެވެ. މީގެ ކުރިން ކަށިތަކުގެ ތޫނުކަން ފަދަ އިޙްސާސެއް ކުރެވެމުން އައި ޖިޔާއަށް މުޅިން އައު ދުނިޔެއަކަށް އުފަންވި ކަހަލައެވެ. އެ ޒުވާނާގެ ކަނދުރާގައި ދެއަތްއަޅުވާލަމުން ބާރުކޮށްލެވުނީ ކިތައްފަހަރުކަމެއް ނޭނގެއެވެ. އެފުޅާ ހަށިގަނޑުގެ ބުރަކަށްޓަށް ޖިޔާގެ ނިޔަފަތިތައް ވަދެގެން ދިޔައީ ވެސް ކިތަށް ފަހަރު ކަމެއް ނޭނގެއެވެ.

ތެމި ވާރޭގައި ދެ ޖިސްމު އޮޔާލާ ހިނގައްޖެއެވެ. ނޭވާ ހަމައަކަށް އެޅި ހިތުގެ ހިނގުން ލަސްވެ އެވެސް ހަމައަކަށް އެޅެން މަސައްކަތް ފަށާފައިވާ ކަހަލައެވެ. މަޑުމަޑުން އެ ޒުވާނާ ޖިޔާގެ މޫނަށް ބަލާލީ މަސްތުން ފުރިގެންވި ގޮތަކަށެވެ. ޖިޔާގެ ހިތް ބާރަށް ތެޅިގަތީ މީގެ ކުރިން ދުވަހަކުވެސް ހިތް ނުތެޅޭ ފަދަ ގޮތެއްގައެވެ. އެ ނަޒުން ފޮނުވާލި ތީރު ހެރުނީ ސީދާ ޖިޔާގެ ހިތަށްކަށް ގައިމެވެ. ޖަޒުބާތުން ފުރިގެންވި ގޮތަކަށް އެ ޒުވާނާއަށް ބަލަން އޮވެ އެ ފިރިހެންވަންތަ ކަމުން ފުރިގެންވި މޫނުގައި ނިތްކުރިން ފެށިގެން ތިރިއަށް ވާގޮތަށް ޖިޔާ އަތްބީއްސާލިއެވެ. އެހިނދު އޭނާ ދެލޯ މަރާލިއެވެ. އަދި ޖިޔާގެ އަތްތިލައިގައި ހިފާ ބާރުކޮށްލަމުން އެ އަތްތިލައިގައި ބޮސްދީފިއެވެ. މަޑުމަޑުން ޖިޔާ އާއި ދުރަށް ޖެހިލަމުން އެ ޒުވާނާ ތެދުވިއެވެ. ޖިޔާވެސް މަޑުމަޑުން ތެދުވިއެވެ. އެ ޒުވާނާ ލައިގެން ހުރި ޖިންސު ރަނގަޅު ކޮށްލުމާއިއެކު ބިމުން މައްޗަށް އުފުލިފައި ހުރި ގަހުގެ މޫގަނޑެއްގައި އިށީނދެ ކުލުނުން ފުރިގެންވި ގޮތަކަށް ޖިޔާއަށް ބަލާލިއެވެ. ޖިޔާ ލަދުގަތީ ދެނެވެ. ފިނިވީވެސް ދެނެވެ. ހެނދުން ރަނގަޅު ކޮށްލިގޮތަށް ދެފައި ކުރުކޮށްލައިގެން އިންގޮތަށް އިނދެވުނެވެ.

“ކައިރިއަށް ނާންނާނަންތަ؟” އެތަށް އިރަކަށްފަހު އެ ޒުވާނާގެ ޖާދުވީ އަޑު ޖިޔާގެ ކަންފަތުގައި ޖެހުނެވެ. އޭރު އޭނާގެ އެއްއަތް ވަނީ ޖިޔާއަށް ދިއްކޮށްލެވިފައެވެ. އެ އުނގުތެރެއަށް އައިސް ވަނުމަށްޓަކައި ޖިޔާއަށް ހުޅުވާލެވިފައެވެ.

ހިނދުކޮޅަކަށްވެސް ފަސްޖެހުމެއްނެތި ޖިޔާ އައިސް އެ ޒުވާނާ ދިއްކޮށްލައިގެން އިން އަތުގެ ތެރެއަށް އޭނާގެ އަތްތިލަ ލިއެވެ. އެއާއިއެކު އޭނާ ޖިޔާގެ އަތަށް ދަމާލަމުން ގެނެސް އުނގުގައި ބޭންދުމާއިއެކު އެ ހަށިގަނޑުގައި ބާރަށް ހިފާއްޓާލައިގެން އިނެވެ. ޖިޔާ ބޭނުންވީވެސް އެގޮތެވެ. ނޭނގިނަމަވެސް އެ ކާކުކަން ނޭނގޭ ޒުވާނާގެ މައްޗަށް ޖިޔާގެ ހިތްލެނބެމުންދިޔައީ ހީވެސް ނުކުރާހާ ބާރުމިނެއްގައެވެ. ލިބުނު އުފަލާއި އަރާމާއި ލައްޒަތުގެ ފިނިކަން ހަށިގަނޑަށް އިޙްސާސް ކުރެވުމުން އެކަމަށް އޭނާގެ ނަފްސު އަދިވެސް އެދެމުން ދިޔައެވެ. ދެމެދުގައި ލަފުޒުތަކެއް ބަދަލު ނުކުރިނަމަވެސް ދެ ހަށިގަނޑަށް ބަސްމޮށުންތެރިކަން ލިބިފައިވާ ކަހަލައެވެ. ބޯވާރޭ އާއި ދޭތެރެއަކުން ވިދާލާ ވިދުވަރުގެ އަލިން މުޅި ބިން އަލިކޮށްލައެވެ. އެފަދަ ކޮންމެ ހިނދުކޮޅަކު އެ ދެ ޒުވާނުންނަށް އެކަކު އަނެކަކު ދުވާލުގެ އަލިކަމުގައި ފެންނާނޭ ފަދައިން ފެނިގެން ދެއެވެ. ޖިޔާގެ ހަށިގަނޑުވަނީ ބޮޑުވެފައި ކަމުގައިވިޔަސް އޭނާގެ ހަރަކާތްތައް ވަރަށްވެސް ލަދުވެތިވެފައި ޅައެވެ. އެކަން އެ ޒުވާނާއަށް ފާހަގަ ކުރެވުނެވެ. އޭނާ ވާހަކައެއް ނުދެއްކި ކަމުގައިވިޔަސް، އެ ހަރަކާތްތަކުން މިއީ އޭނާ އަންހެން ކުއްޖަކާއި ގާތްވާ ފުރަތަމަ ފަހަރު ނޫންކަން ޖިޔާއަށްވެސް ވަނީ އެނގިފައެވެ. ނަމަވެސް ދެމީހުން ކުރެ އެކަކަށްވެސް ދުރަކަށް ނުދެވުނެވެ.

ވެހެމުން ދިޔަ ވާރޭ ތުނިކޮށްލީ ފަތިސްވި ފަހުންނެވެ. ފަޒާގައި ހަރުލަމުން ތިޔަ ތެތްފިނިކަން އިތުރުވެގެން ދިއުމާއިއެކު ޖިޔާ ތުރުތުރު އަޅާލިއެވެ. މުޅި ރޭ ހަތަރުދަމު ތެމި ވާރޭގައި އެ ދެ ޒުވާނުންވިއެވެ. ހަށިގަނޑުގެ ހޫނުކަން އިޙްސާސްކޮށްދިނުމަށްޓަކައި އެ ޒުވާނާ ޖިޔާ ވަކިން ގާތްކޮށްލިއެވެ. އޭރު ޖިޔާއަށް ވަނީ އެ ޒުވާނާގެ އަތުގެ ތެރޭ އެކަނދުރާގައި މޫނު ފޮރުވާލައިގެން އިނދެ ނިދިފައެވެ. ރޭގަނޑުގެ އަނދިރިކަމުގެ ތެރޭގައި ވެހުނު ވާރޭގައި ދެ ޖިސްމު ވަނީ ކައިރިކުރާނޭ އައްސޭރިއެއް ނުފެންނަ ހިސާބަދށް އޮޔާގެންގޮސްފައެވެ. ގަހުގައި ބޮލުގެ ފުއްކިބަ ޖައްސާލެވުނު ގޮތަށް އެ ޒުވާނާގެ މޫނުމަތިން ހާސްކަން ފާޅުވެގެން ދިޔައެވެ. ޚިޔާލަކަށް ގެއްލިފައި އިރުކޮޅަކު އިނުމަށްފަހު މަޑުން ޖިޔާ އޭނާ އާއި ދުރަށް ޖައްސާލަމުން އެމޫނަށް ފުން ނަޒަރަކުން ބަލާލިއެވެ. ހިތްގައިމު ކަމުން ފުރިގެންވި ގޮތަކަށް ނިންޖާއިއެކު ޖިޔާގެ ދެލޯ މެރިފައި އޮތެވެ.

“މިވީ ކިހިނެއް… އަހަރެންވެސް ބޭވަފާތެރިންގެ ލިސްޓަށް އިތުރުވީތަ، އަމިއްލަ ނަފްސުގެ މައްޗަށް އޮތް އިތުބަރު ދިޔައީ ކޮންތާކަށް، އަދިވެސް ސިކުނޑީގައި އެނބުރެނީ މިގޮތްނޭނގޭ އަންހެން ކުއްޖާ، މީ ކޮންކަހަލަ ދަމާ ބާރެއްތަ، އަމިއްލަ ނަފްސުގެ މައްޗަށް އަނިޔާވެރިވުމުގެ އިތުރުން މި އަންހެންކުއްޖާގެ މައްޗަށްވެސް އަހަންނަށް އަނިޔާވެރިވެވިއްޖެ، އެކަމަކު އެއިން އެއްވެސް ކަމަކަށް ޖަވާބުދޭނޭ ގޮތެއް އަހަންނަށްކަށް ނޭނގޭ، މި ނޫނީ ދުވަހަކުވެސް ޚަޔާތުގައި ހުއްދަނޫން ގުޅުމެއް ހިންގުމަށް ބާރެއް ނުލިބޭ… އިބާ… އިބާއަށް އަހަރެން މިފަދަ ގުޅުމެއް ހިންގިކަން އެނގިއްޖެނަމަ ހުރިހާ ކަމެއް ބޮއްސުން ލާނެ… ސިއްރު ކުރުން ނޫން އެހެން ގޮތެއް ނެތް، ހަމަގައިމުވެސް ރޭގައި ހިނގައި އެދިޔަ ކަންތައްތަކަކީ ހޭލާހުއްޓާފެނުނު ހުވަފެނެއްނޫން، އަދިވެސް އަހަރެންގެ އަތުގެތެރޭގައި ރޭގެ ބައިވެރިޔާ މިވަނީ، އެޖިސްމުގެ މީރުކަން އަހަންނަށް ލިއްބައިދިން އިރު އަހަންނަކީ ކާކުކަން ޚުދު އޭނާއަށްވެސް ނޭނގޭ، އަހަންނަކީ މީހެއްގެ ހައްޤެއްކަން އެނގުނުނަމަ މި ހިސާބަށް ނުދެވުނީސް ކަންނޭނގެ….” ފުންނޭވާއެއް އެ ޒުވާނާ ބޭރުކޮށްލިއިރު ސިކުނޑީގައި އެތަށް ޚިޔާލުތަކެއް ދައުރުވަމުން ދިޔައެވެ. ޖިޔާ ފެނި އޭނާގެ ހިތަށްވެސް އަސަރުތަކެއް ކުރުވައިފިކަން ޔަގީނެވެ. އެހެންނޫންމަ ޖިޔާ ދޫކޮށްލާފައި ދާން ނުކެރިފައި އޭނާ ނިއިނީހެވެ.

ވެހެމުން ދިޔަ ތުނި ވާރޭގެ ތެރެއިން ބިމަށް ފަނޑުނަމަވެސް އަލިކަމެއް ވެރިވަމުން ދިޔައެވެ. ކުޑަކުއްޖަކު ފަދައިން އެ ޒުވާނާގެ ބޮޑުއަތުގެ ތެރޭގި އެއްވެސް ޚިޔާލެއް ފިކުރެއްނެތި އަރާމުކަމާއިއެކު ނިދިފައި އޮތެވެ. ނަމަވެސް އިތުރަށް އެޒުވާނާއަކަށް ކެތެއްނުވިއެވެ. އަތުކުރީގައި އޮތް ގަޑިއަށް ބަލާލުމާއިއެކު ވާރޭ ހުއްޓާލަނީތޯ ބަލާލެވުނެވެ. ޖީބުގައި އޮތް ފޯނު ތެމި ފޯވެފައި އޮތުމުން ކަންބޮޑުވީވެސް ދެނެވެ. މަޑުމަޑުން ޖިޔާގެ ގައިގާ ހިފާއްޓާލައިގެން ތެދުވެ ގަސްކައިރީ ޖިޔާ ބައިންދާލިއެވެ. ޖިޔާއަށް ހޭނުލެވޭނެހާ މަޑުމަޑުން އޯގާތެރިކަމާއިއެކުއެވެ. ޖިޔާގެ އުނގުގައި ރީތިކޮށް ދެއަތްބާއްވާލުމާއިއެކު އެ ޒުވާނާ ތެދުވެގެން ދިއުމަށް އުޅުނެވެ. އެހެންނަމަވެސް އަނެއްކާވެސް ޖިޔާ އާއި ދިމާލަށް އޭނާ ބަލާލިއެވެ. އަދި ވަދާއުގެ ސަލާމެއްގެ ޖިޔާގެ ނިތްކުރީގައި މަޑުމަޑުން ބޮސްދެމުން އެރީތި މޫނުގައި ފިރުމާލިއެވެ. މާޔޫސްވެ ދެބުމަ ކައިރިކޮށްލައިގެން ހުރެ އެ ޒުވާނާ ހިނގައިގަތީ ޖިޔާ އާއި ދުރަށެވެ. އަދި ފަތްތަކުގެ ތެރޭ ކިލާވެ ހަޑިވެފައިވާ ގަމީހުގެ ގޮށްތަށް އަޅުވާލަމުން އެތަނަވަސް މޭމަތި ފޮރުވާލިއެވެ.

* * * *

“ދަރިފުޅު ކޮންތާކުން ތިއައީ، މަންމަ ހީކުރީ އޮފީހުގަ ކަމަށް ރޭ ހަތަރުދަމު، އިބާ ވެސް އުޅުނު ދަރިފުޅު ރޭގަ ނިދަން ނައިސްގެން” ފަތިސް ނަމާދުކޮށްގެން ތަސްބީހަ ހިފައިގެން ސިޓިން ރޫމަށް ނުކުމެއް އިން ތަހުމީނާއަށް ގެއަށް ވަދެގެން އައި ޒުކަން ފެނުމުން ބުނެލިއެވެ. އޭނާވެސް ޒުކަންގެ ރޫޖެހި ކިލާވެފައިވާ ގަމީސް ފެނުމުން ހައިރާންވިއެވެ.

“ގެއަށް އަންނަނިކޮށް ވިއްސާރައިގަ ޖެހުނީ” ޒުކަން ހާސްވެފައި ހުރި ގޮތަކަށް މަންމައަށް ޖަވާބެއް ދެމުން އަވަސްވެގަތީ އޭނާގެ ކޮޓަރިއަށް އައިސް ވަނުމަށެވެ. އެހެންނަމަވެސް ތަހުމީނާގެ ސުވާލުތަކެއް ނުހުއްޓުނެވެ. ޒުކަންގެ ހަޔާތުގެ ކަންތައްތައް އެންމެ ގާތުން ފެންނާނެ މީހަކީ ތަހުމީނާއެވެ. އަނެއްކޮޅުން އެއީ އޭނާގެ މަންމައެވެ. ވީއިރު އޭނާގެ ގޮތް އެންމެ ރަނގަޅަށް އެނގޭނީވެސް މަންމައަކަށް ނޫންހެއްޔެވެ.

“ކީއްވެތަ ކާރުގަ ނުދިޔައީ، ދަރިފުޅު ހިނގާފައެއް ނޫޅެމެންނު” ތަހުމީނާ މިހެން ބުނުމުން ޒުކަންއަށް އެކަމަށް ދޭނެ ޖަވާބެއް ނޭނގުނެވެ. ހިތްބާރަށް ތެޅެންފެށީ އޭނާ ހުރިހާ ހާލު ފެނި މަންމައަށް ކަމެއް ޝައްކުވެދާނެ ބާއޭ ހީވެއެވެ. ވާނީވެސް އެހެންތާއެވެ. ކުށެއްކުރެވުމުން ދެން އަބަދުމެ ވިސްނޭނީ އެކަން އެހެން މީހަކަށް އެނގިދާނެތީވެ އެކަމާއެވެ. ބުނާނެ އެއްޗެއް ނޭނގިފައި ހުރެ ޒުކަން ތަހުމީނާއަށް ބަލާލާފައި އަވަހަށް ކޮޓަރިތެރެއަށް ދެމިގަތެވެ.

ރަތާކަޅުގެ ރަޖާދަށުގައި އިބާ ނިދާފައި އޮތްތަން ޒުކަންއަށް ފެނުނެވެ. އެހެންވެ އޭނަ ހޭލާފާނެތީވެ ސިއްރު ސިއްރުން ފިޔަވަޅު އަޅަމުން އައިސް އަވަހަށް ވަނީ ފާޚާނާއަށެވެ. ދޮރުލައްޕާ ތަޅުލުމާއިއެކު ޒުކަން ފުންނޭވާއެއް ބޭރުކޮށްލިއެވެ. އިރުކޮޅަކު ފާޚާނާގެ ދޮރުގައި ލެނގިލައިގެން އޭނާ ހުއްޓެވެ. އޭރުވެސް އޭނާގެ ސިކުނޑީގައިވަނީ ޕާކުތެރެއަށް ދޫކޮށްލާފައި އޭނާ އައި އަންހެންކުއްޖާގެ ސޫރާއެވެ. އެދެމެދުގައި ހިނގާދިޔަ ކަންތައްތަކެވެ. ވިސްނަން ބޭނުންނުވިޔަސް ޒުކަންއަށް އެކަމަށް ބާރެއް ނުފޯރުވުނެވެ. ދެފަރާތަށް ބޯހޫރާލާފައި ލައިގެން ހުރި އެއްޗެހި ބޭލިއެވެ. އަތުގައި އޮތްގަމީސް ދާވަށިގަނޑަށް ލާން އުޅެފަވެސް އޭނާގެ ހަރަކާތްތަކަށް ހުއްޓުން އެރިއެވެ. މަޑުމަޑުން އެ ގަމީސް ގެނެސް ނޭފަތުގައި ޖައްސާލެވުމާއިއެކު އޭނާ ނޭވާއެތެރެއަށް ދަމާލަމުން ދެލޯ މަރާލިއެވެ.

“ޒުކަން، މޮޔަވީތަ… އެކަން އެ ނިމުނީ، އެ އަންހެންކުއްޖާ މަތިން ހަނދާންނައްތާލާ، އެކަން ހިނގާ އެ ދިޔައީ ރަނގަޅަކަށް ނޫން، އެ އަންހެން ކުއްޖާއަށްވެސް އެންމެ ރަނގަޅު ވާނީ ދެން ދުވަހަކުވެސް ޒުކަން އާއި ބައްދަލު ނުވިއްޔާ…. ނިކަން އިބާ އާއިމެދު ވިސްނާލަ ބަލަ… ތިކަން އެނގިއްޖެއްޔާ ނުކުންނާނެ ނަތީޖާ އާއިމެދު ވިސްނާލަބަލަ…” ކުއްލިއަކަށް ޒުކަންގެ ޟަމީރު ހަޅޭލަވައިގަތް ކަހަލައެވެ. އަމިއްލަ ހިތާ ސިކުނޑިއަށް ބާރު ފޯރުވަން އޭނާ މަސައްކަތް ފެށިއެވެ. ވަގުތުން އަތުގައި އޮތް ގަމީސް އިރާލިއެވެ. ދުވަހަކުވެސް ދެން އެގަމީހެއް އޭނާ ލާކަށް ބޭނުމެއް ނޫނެވެ. އިބާއަށް އެ ގަމީސް ފެންނާކަށްވެސް ބޭނުމެއްނޫނެވެ. އިރާލެވިފައި އޮތް ގަމީހުގެ ބައިބައި ގެނެސް ފާޚާނާގައި ހުރި ޑަސްބިނަށް އޭނާ އަޅައިލިއެވެ. އަދި ފެންވަރާ ޝަވަރުގެ އަތްގަނޑު ހިއްލާލުމާއިއެކު އޮހެންފެށި ހޫނު ފެންތަކުގެ ތެރެއަށް އޭނާ ވަނެވެ.

* * * *

ފިނިވެގެން ގޮސް ދަތްތައް ޖެހޭވަރުވެފައި އިން ޖިޔާ މަޑުމަޑުން ލޯހުޅުވާލިއެވެ. އޭނާއަށް ހޭލެވުނީ ފިނިވެގެން ތުރުތުރު އަޅަން ފެށީމައެވެ. ކުއްލިއަކަށް ދެލޯ ބޮޑުކޮށްލުމާއިއެކު ވަށައިގެން ހޯދާލިއެވެ. އަވަސް އަވަހަށް އިން ތަނުންތެދުވެ ގަހުގެ ހިޔަލުން ބޭރަށް ނުކުތެވެ. އޭރުވެސް ތުނި ތުނިކޮށް ވާރޭ ވެހެއެވެ. ކަންބޮޑުވެ މާޔޫސްވެފައި ހުރެ އަނެއްކާވެސް ޖިޔާ ވަށައިގެން ހޯދާލިއެވެ. އޭނާގެ ދެލޯ ހޯދާ ފަރާތެއް އޭނާއަކަށް ނުފެނުނެވެ. އެ ޒުވާނާ އޭނާ ދޫކޮށްލާފައި ދިޔައީ ހެއްޔެވެ. ދެންނާނެ ހެއްޔެވެ. މިއީ ޖިޔާގެ ހިތާ ސިކުނޑިއަށް އެވަގުތު ވެރިވެގެން ދިޔަ ސުވާލުތަކެވެ. އުފަލާއި ހިތްހަމަޖެހުމާއި، އަރާމައި ލައްޒަތުގެ ކުލަ ޖިޔާގެ ހަޔާތުގައި ޖައްސައިދީފައި އޭނާ ދިޔައީ ކީއްވެބާއޭ ޖިޔާ އޭނާގެ އަމިއްލަ ޟަމީރާ ސުވާލު ކުރިއެވެ. ހިތަށް ވީ ތަދު ބަޔާންކުރަން ދަތިވިއެވެ. ރޭގައި ހިނގައިދިޔަ ހުރިހާ މަންޒަރެއް ލޯ ކުރިމަތީ ދައުރުވާން ފެށުމުން ޖިޔާގެ ލޯ ފެންކަށިވެއްޖެއެވެ. ވަގުތީ އުފާވެރިކަމެއްކަން އޭނައަށް އެނގުނެއް ކަމަކު އެ ޒުވާނާ އެ ދިޔައީ ޖިޔާގެ ހިތާ ކުޅެލާފައެވެ. ފުރަތަމަ ފަހަރަށް އެ ހިތުގައި ތަފާތު ވިންދެއް ޖެހުމަށް ފުރުޞަތު ދީފައެވެ. ކުޑަވަގުތު ކޮޅަކަށް ނަމަވެސް ދުނިޔޭގެ ހުރިހާ އުފަލެއް ރޭގަ އެޒުވާނާ ޖިޔާއަށް ދިން ފަދައެވެ. ލޮލުން ވެއްޓެން އައި ކަރުނަތިކި ހިންދާލުމަށްޓަކައި ޖިޔާއަށް އޭނާގެ ތުންފަތްޖައްސާ ބާރުކޮށްލެވުނެވެ. ނަމަވެސް އެއްވެސް ހިފޭއްޓުމެއްނެތި އެ ކަރުނަތިކި ފައިބައިގެން ހިނގައްޖެއެވެ. އެހިނދުވެސް ހަނދާނަށް ވެރިވެގެން ދިޔައީ އެ ޒުވާނާގެ ތުންފަތް ފުރަތަމަ ފަހަރަށް ޖިޔާގެ ކޯތާފަތުގައި ޖައްސާލަމުން އޭނަގެ ލޮލުން ފައިބައިގެން ދިޔަ ކަރުނަތިކީގައި ބޮސްދިން ގޮތެވެ. ދެލޯ ފޮހެލުމާއިއެކު ޖިޔާ އައިސް ގަސްދަށުގައި ހުރި އޭނާގެ ފޮށި ހިފައިގެން ޕާކުން ނުކުންނަން ހިނގައިގަތެވެ.

އެޕާޓްމެންޓުގެ ދޮރުގެ ބެލް ޖެހޭ އަޑުއިވުމާއިއެކު ޝާކިރާ ވަރަށް ހައިރާންވިއެވެ. މިހާ ހެނދުނާ އެބައިގެ ބެލްޖަހާނެ ވަރުގެ މީހަކު ނުހުންނާނެކަން އޭނައަށް އެނގޭތީއެވެ. ނަމަވެސް ދެތިން ފަހަރަށް ބެލްގެ އަޑު އިވުމާއިއެކު އިތުރަށް މަޑުން އިންނާކަށް ނުކެރުނެވެ. ތެދުވެގެން އައިސް ދޮރުގައި ބޭރު ފެންނަ ގޮތަށް ހަރުކޮށްފައި ހުރި ބިއްލޫރިކޮޅުގައި ޝާކިރާ އެއްލޯ ކައިރިކޮށްލުމާއި ބަލާލިއެވެ. ދޮރުގެ އަނެއްފަރާތުގައި ހުރި ޖިޔާ ފެނި ޝާކިރާ އަވަސް އަވަހަށް ދޮރު ހުޅުވިއެވެ. ޝާކިރާއަށް އެންމެ ފުރަތަމަވެސް ބަލާލެވުނީ ޖިޔާ ހުރި ގޮތަށެވެ. ލައިގެން ހުރީ އޭނާ ގަނެދިން ހެދުމެކެވެ. އެހެންނަމަވެސް ހެދުމުގެ ކުލަވަކިވާވަރެއް ނުވެއެވެ. މޫނުމަތިން ރޮއެފައި ހުރި ކަމުގައި އަސަރު ކޮންމެވެސް ވަރަކަށް ފާޅުވޭވޭ ހުއްޓެވެ. ފޮށީގައި ހިފާއްޓާލައިގެން ޖިޔާ ހުރީ އޭނާގެ މަންމަ އޭނާއަށް ގޭތެރެއަށް ވަނުމުގެ ހުއްދަ ނުދޭތީއެވެ. ޝާކިރާ ކަންބޮޑުވެފައި ހުރެ ދޮރުން އެއްފަރާތަށް ޖެހިލަމުން ޖިޔާ ވަނުމަށް ތަންދެއްކިއެވެ.

އަނގައިން ނުބުނެ ހުރެ ޖިޔާ އެތެރެއަށް ވަންނަމުން އޭނާ ހިފައިގެން އުޅުނު ފޮށިވެސް ގޭތެރެއަށް ވެއްދިއެވެ. ވާރޭގެ ސަބަބުން ކިސަޑުގެ އަސަރު ފާޅުވޭވޭ ހުރި ފޮށި އުފުލައިގެން ޖިޔާ ގެނެސް ޓައިލްސްތަކުގެ މަތީ ބަހައްޓަން އުޅުނު ވަގުތު ޝާކީރާ ނިކަން އަވަހަށް އައިސް އެ ފޮށީގައި ހިފައިފިއެވެ.

“ސާބަސް ޖިޔާ، ކޮންވައްތަރަކަށްތަ ތިހުރީ، ބަލާބަލަ ތިޔޮށް ހެދުމެއް، ކުލަވަކި ނުވޭ، މިއޮށްފޮއްޓެއްވެސް މުޑުދާރުކަން ބަލާބަލަ، ކިހިނެއްވެފަތަ ތިހުރީ، ކޮންތާކުން ތިއައީ، އަނެއްކާ މިފަހަރުވެސް ރިހާމަށް ފިލައިގެންތަ ތިއައީ، އެކަމަކުވާ… އަހަރެން ހަމަ ހައިރާންވެ އަންތަރީސްވޭ ޖިޔާ އާއި ހުރެ، ލާނެ ހެދުންގަނޑެއްވެސް ނެތީތަ ތިހެދުން ލައިގެން ތިހިރީ، ނޫނީ މިއިން ދުވަހަކު ނުދޮންނަނީތަ” ޝާކިރާ ޖިޔާގެ ފޮށި ތަނެއްގައި ޖެހިދާނެތީވެ އުޅޭ ކަހަލަ ގޮތަކަށް ހަރަކާތްތައް ބަހައްޓަމުން ޖިޔާ އާއި ދިމާލަށް ބުންޏެވެ. ޖިޔާ އެއްވެސް އެއްޗެއް ނުބުނެ މަޑުމަޑުން ހުއްޓެވެ. ނަމަވެސް އޭނާ ވިސްނަމުން ދިޔައީ ރިހާމު އޭނާ ވަރިކުރީތީ އެކަމާއެއް ނޫނެވެ. އަދި ރިހާމާއި މެދުގައެއްވެސް ނޫނެވެ. އޭނާގެ ހިތާ ސިކުނޑީގައިވަނީ ރޭގެ ފަނޑުއަލިކަމުގެ ތެރެއިން އޭނާއަށް ފެނިފައިވާ ފިރިހެންވަންތަ ޒުވާނާއެވެ. އެންމެ ކުޑަމިނުން ނަން އަހާނުލެވުނީތީ އެކަމާ ޖިޔާ ދެރަވިއެވެ.

“ޖިޔާ…. ކިހިނެއް ވެފައިތަ ތިހުންނަނީ، އަހަރެން ހަމަ މިހާރު ރިހާމަށް މި ގުޅަނީ، އެކަމަކު މިއޮށްފޮއްޓެއްވެސް ދޯ، އެހަށް މިކަން ކަންނޭނގެ ހަމަޔަކަށް އަޅުވަންވީ، ހިނގާ އެތެރެއަށް، ފާޚާނާއަށް ވަދެ ގައިން ތާހިރުވެގެން ނުކުމޭ، މި ފޮށިވެސް ސާފުކުރާތި” ޝާކިރާ ގޭތެރެ ހަޑިވެދާނެތީވެ ކަންބޮޑުވިއެވެ. އެހެންވެ ދަރިފުޅަށް ވެފައި ހުރި ގޮތެއް ބެލުން ފަހަށް ޖައްސާލާފައި އޭނާ ހިނގައިގަތީ ޖިޔާގެ މުލައްދަނޑީގައި ހިފައިގެން ކޮޓަރިތަކާއި ދިމާލަށެވެ.

“ތި ކާޕެޓު މައްޗަށް ނާރާ ގޮސް ފާޚާނާއަށް ވަދޭ، މިދަނީ ކޮޓަރި ތަޅުލާފަ އެކަކުވެސް މިކޮޓަރިއަކަށް ނުވަންނާނެ، ފެންވަރައިގެން އާދޭ އަހަރެން ބަދިގޭގަ އުޅޭނަން، ދެން ބުނަން، ތި ހެދުން ފާޚާނާގައި ހުރި ދާވަށިގަނޑަކަށް ނޫން ލާނީކީ، އެއަށްލާވަރަށްވުރެ ތި ތިއޮތީ ހަޑިވެފައި، ފޮށި ސާފުކޮށްފަ ނޫނީ އޭތި ނުހުޅުވާތި” ޝާކިރާއަށް ޖިޔާ ފެނުނީއްސުރެން ވާހަކަދައްކަމުން ދިޔައީ ހިތްހަމަނުޖެހިފައި ހުރި ރާގެއްގައެވެ. ވަކިން ބޮޑަށް އޭނާ ހިތްހަމަ ނުޖެހުނީ ޖިޔާ ވާހަކަ ނުދެއްކިތަނުގައި އޭނާ އެގެއަށް އައިއިރު ހުރި ގޮތުންނެވެ.

ފާޚާނާއަށް ވަން ޖިޔާއަށް އެ ކޮޓަރިން ނުކުމެގެން ދިޔަ ޝާކިރާ ކޮޓަރީގެ ދޮރު ތަޅުލާފައި ލައްޕާލި އަޑު އިވުނެވެ. އޭނަ ފާޚާނާގެ ދޮރުލެއްޕުމެއްނެތި ފެންވަރަން ތައްޔާރުވެލިއެވެ. ލައިގެން ހުރި ހެދުން ބޭލުމަށްފަހު ޖަޒުބާތުން ފުރިގެންވި ނަޒަރަކުން އެ ހެދުމަށް ބަލާލުމަށްފަހު މޭގައި ގެނެސް ބޮނޑިކޮށްލިއެވެ. އަދި ފުންނޭވައެއް ލުމާއިއެކު މަރާލި ދެލޮލުގެ ދިގު އެސްފިޔަތަކުގެ ދޭތެރެއިން ކަރުނައިގެ ވިދުން ފާޅުވެގެން ދިޔައެވެ. އެކަރުނަ ތިކިތައް ލޮލުގެ ހިމަކޮޅުން ލާފައި ޖިޔާގެ ކޯތާފަތުގައި ބޮސްދީފައި ދިގު ރޮނގެހެން ފައިބައިގެން ދިޔައެވެ. ނަމަވެސް އެ ތުންފަތަށްވަނީ ފަނޑު ހިނިތުންވުމެއް ވެރިވެފައެވެ. ރީތިކޮށް ހެދުން ފަތުރާލުމާއިއެކު މޫނު ދޮންނަ ތަށި ހަރުކޮށްފައި ހުރި ދިގު ހިލައިގެ މަތީގައި ހެދުން ބައްވާލިއެވެ. އަދި ފާޚާނާ އަށް ނަޒަރު ހިންގާލިއެވެ. ބޮޑު ފާޚާނާއެކެވެ. އެންމެ ފަހުގެ ޒަމާނީ ކުލަވަރު މުޅި ފާޚާނާއިން ފެންނަން ހުއްޓެވެ. މަޑުމަޑުން ޖިޔާ އައިސް އުސްކޮށްލާފައި ހުރި ފާރުކޮޅުމަތިން ގިރާކޮށްލާފައި ތިރިތަޅުމުގައި ފައިތިލި ޖައްސާލިއެވެ. އަދި ވަށައިގެން ދަމާލެވެން ހުރި ފިޔާތޮށްޓާއި އޮރެންޖު ކުލައިގެ މާތަކެއް ޖަހާފައިވާ ރަބަރުފޮތިގަނޑު ދަމާލިއެވެ. އެހިނދު އެއިން ޖިޔާގެ ވަށައިގެން ފަރުދާއެއް ލެވިގެން ހިނގައްޖެއެވެ. އިރުކޮޅަކު ބަލަހައްޓައިގެން ހުރުމަށްފަހު ފެންއޮހޭ މާގަނޑު މަސައްކަތް ކުރަނީ ކޮން އަތްގަނޑަކުން ތޯ ބަލާ ޔަގީން ކުރިއެވެ. ފުރަތަމަ އޮހިގަތް ފެނުގެ ފިނިކަމުން މީހާ ތުރުތުރު އަޅާލުމާއިއެކު ސިހިފައި ފަހަތަށް ޖެހިލިއެވެ. ދެން ޖިޔާ އަނބުރާލީ ކަނާތަށްވާގޮތަށް ހަރުކޮށްފައި ހުރި އަތްގަނޑެވެ. އެއާއިއެކު މަޑަމަޑުން ފެން ހޫނުވާން ފެށިއެވެ. ހިތްހަމަޖެހޭ ވަރަކަށް ފެން ހޫނުވުމުން އޭގެ ދަށަށް ޖިޔާ ވަނެވެ. އެ ފާޚާނާގައި ފެންވަރަން ބޭނުންވާނެ ހުރިހާ އެއްޗެއް ހުއްޓެވެ. ހީވާގޮތުން އެއީ ކޮންމެވެސް މީހަކު ބޭނުންކުރާ ކޮޓަރިއެކެވެ.

ބަދިގޭގައި އުޅުނު ޝާކިރާއަށް ކުއްލިއަކަށް ފެނުނީ އޭނާ ފެންނަ ހިސާބަށް ޖިޔާ އައިސް ހުއްޓައެވެ. އުނދުންމައްޗަށް އުދާލި ބިސްތެއްޔާއިއެކު ޖިޔާ އާއި ދިމާލަށް ޝާކިރާ އެނބުރުނެވެ. އޭރު ޖިޔާގެ އަތުގައި އޭނާ ލައިގެން އައި ހެދުން އޮތެވެ.

“ތި ހެދުން ދެން ދޮވެގެން ލާނެ ކަމެއްނެތް، މާކުރުވެސް ވެއްޖެ، ގެނޭ އެއްލާލަން” ޝާކިރާއަށް ޖިޔާގެ ތާޒާކަން ފެނުމުން ވަރަށް ކަމުދިއެވެ. ރިހާމާއިއެކު ކައިވެނިކޮށްގެން ދިޔަ ފަހުން ޖިޔާ ހިކިއްޖެކަން ގައިމެވެ. އެހެންނަމަވެސް ޖިޔާގެ ހަށިގަނޑުން ފެންނަމުންދިޔައީ ޒުވާން އަންހެނަކަށް ޖިޔާ ބަދަލުވެފައި ވާތަނެވެ. ހަށިގަނޑުގެ ވަނާތައް ކުރިއަށްވުރެ ފާޅުކަން އިތުރުވެފައިވެއެވެ. އޭރަށްވުރެ މިހާރު އަދި ވަކިން ރީތިވެފައި ދޮންކަމަށް ދައްކައެވެ. އޭގެ އިތުރުން ޖިޔާގެ އިސްތަށިގަނޑުވެސް ހުރީ ދިގުވާން ފަށައިފައެވެ. ޝާކިރާއަށް ހިނިތުންވެލެވުނީ އޭނާގެ ފިރިމީހާގެ މަތިން ހަނދާންވެފައެވެ. ހިތަށް ފިނިކަމެއް އިޙްސނާސްވެގެން ދިއުމާއިއެކު ނުރުހުމުގެ އަސަރުވެސް ކުޑަހިނދުކޮޅަކަށް ފިލައިގެން ހިނގައްޖެއެވެ. އެހެންވެ ޖިޔާގެ ގާތަށް އައީ ވަރަށް ހަމަޖެހިލާފައި ހުރެއެވެ.

“ނޫން… މި ހެދުން އެއްލައިލައިގެން ނުވާނެ” ކުއްލިއަކަށް ފަހަތަށް ފިޔަވަޅު އަޅާލި ޖިޔާ ބުންޏެވެ. ޝާކިރާ ހައިރާންވެފައި ހުރެ ޖިޔާއަށް ވިސްނައިދޭން މަސައްކަތް ކުރިއެވެ.

“ޖިޔާއަށް އައު ހެދުން ލިބިދާނެ އެންނު، މަންމަވެސް ގަނެދީފާނަމޭ، އެކަމަކު ދަރިފުޅު މިހާރު ތިކަހަލަ ހެދުން ލައިގެން އުޅޭވަރަށްވުރެ ބޮޑުވެއްޖެ، ކިހާ ހަޑިވެސްވެފަ ތިއޮތީ” މިހެންބުނެ ޝާކިރާ، ޖިޔާގެ އަތުގައި އޮތް ހެދުން އަތުލަން އުޅުނެވެ. އެހިނދު ކުރިއަށްވުރެވެސް ބޮޑަށް ޖިޔާ ފަހަތަށް ޖެހިލިއެވެ.

“އަހަރެން މިބުނީނު މި ހެދުމެއް އެއްލައެއް ނުލާނަމޭ، އަހަރެން އަމިއްލައަށް ހެދުން ދޮވެދާނަމޭ، އެކަމަކު މި ހެދުން ދުވަހަކުވެސް އެއްލައެއް ނުލާނަން” ޖިޔާ މިހެން ބުނުމުން ކުރިއަށްވުރެވެސް ބޮޑަށް ޝާކިރާ ހައިރާންވިއެވެ.

“ކީއްވެތަ އެއްލާ ނުލާންވީ” ޝާކިރާގެ ސިކުނޑީގެ ތަންކޮޅެއްގައި ނުދަންނަ މީހަކު ކޮއްޓާލި ކަހަލައެވެ. ޖިޔާއަށް ކޮންމެވެސް ކަމެއްވެފައި ކަން އެހުރީ ވިސްނާލެވުނީ ދެނެވެ. ޝާކިރާ ކުރި ސުވާލަށް ޖިޔާ ޖަވާބެއް ނުދީ ހެދުމަށް ބަލަހައްޓައިގެން ހުރީއެވެ. ޝާކިރާ އިތުރަށް ޖިޔާ އާއި ވާހަކަދައްކަން މަސައްކަތް ކުރުމެއްނެތި އޭނާގެ ފޯނު އަވަހަށް ހޯދިއެވެ. އަދި ރިހާމަށް ވަގުތުން ގުޅިއެވެ. ނަމަވެސް ރިހާމުގެ ނަންބަރު ވަނީ ނިތްވާލާފައެވެ. ދެތިން ފަހަރަށް ރިހާމަށް ގުޅޭތޯ ޝާކިރާ މަސައްކަތް ކުރަނިކޮށް ކުއްލިއަކަށް ޖިޔާގެ އަޑުއިވުނެވެ. އޭރު ކޮޓަރިން ނުކުމުގެން ބަދިގެއަށް އައިސް ވަން ޒުހާއަށްވެސް ޖިޔާ ފެނުމުން ހުއްޓުން އަރާފައި ޖިޔާގެ ފަހަތުގައި މަޑުކޮށްލައިގެން ހުއްޓެވެ.

“އަހަންނަށް އެނގޭ މަންމަ ތިގުޅަނީ ރިހާމަށްކަން، ފޯނެއް ނުނެގި ދޯ، އެނގޭ ނުނަގާނެކަން، ދެން ކިތަންމެ ވަރަކަށް ގުޅިޔަސް އޭނާއެއް ނާންނާނެ އަހަރެން ބަލައެއް…” ޖިޔާ މިހެން ބުނި އިރު އެމޫނުމަތިން އެއްވެސް ލިސާނެއް ފާޅެއް ނުވިއެވެ. ދިރުމެއްނެތް ބުދެއްފަދައެވެ. ކަންބޮޑުވުމާއިއެކު ޝާކިރާ އައިސް ޖިޔާގެ ގާތުގައި މަޑުކޮށްލަމުން އޭނާގެ ދެކޮނޑުގަ ހިފައި ތަޅުވައިގަތެވެ.

“ޖިޔާ ކީއްކޮށްފަ ތިއައީ، މާތް ކަލާކޯ، މި ކުއްޖާއަށް އަހަރެން ކިހިނެއްތަ ހަދަންވީ… ޖިޔާ، ހަމަމިހާރު ބުނޭ، ކީއްކޮށްފަ ތިއައީ، ކީއްވެ ރިހާމު ފޯނު ނިވާލަންވީ، ކީއްވެ ޖިޔާ ބަލާ އޭނާ ދެން ނާންނާނީ… ބުނެބަލަ…” ޝާކިރާ ހުރީ ކެތްތެރިކަން ކުޑަވެފައެވެ.

“އޭނަ ވަރިކޮށްފަ ފޮނުވާލި މީހަކު ބަލާ އަލުން އަންނާނެތަ، އޭނާ އަހަރެން ދޫކޮށްލީ މިހާރު އަހަރެންގެ ބޭނުމެއް އޭނާއަކަށް ނެތޭ ކިޔާފަ، ދެން އެވަރުގު މީހަކު އަހަރެން ބަލާ އަންނާނެތަ، މިހާރުވެސް ޔަގީން ކޮންމެވެސް…” ކުއްލިއަކަށް ޖިޔާ ބުނަން އުޅުނު އެއްޗެއް ހުއްޓާލިއެވެ. އޭރު ޝާކިރާގެ ހޫނުކަމާއިއެކު ހޫރާލީ އަތްތިލަ ޖިޔާގެ ކޯތާފަތަށް އަރައިފިއެވެ. ނަމަވެސް ޖިޔާއަށް މިފަހަރު ތަދުވީ އޭނާގެ ކޯތާފަތަށްވުރެ ބޮޑަށް ހިތަށެވެ. އޭނާގެ ޟަމީރު ކުއްލިއަކަށް އޭނާގެ ދުލުގަ ހިފޭއްޓި ކަހަލައެވެ. ކީއްވެކަން ޚުދު ޖިޔާއަށް ވިސްނައިދީފައެވެ. މިހާރު އޭނާއަކީ ރިހާމަށް އެއްޗެކޭ ބުނެވޭވަރުގެ މަގާމެއްގައި ހުރި އަންހެނެއް ނޫންކަން ހަނދާންކޮށްދިނީއެވެ. ޚުދު އޭނާއަށް ވެސް އެވަނީ ކޮންތާކު އުޅޭ ކާކުކަން ނޭނގޭ މީހަކާއިއެކު ހިންގައިގެން ނުވާނޭ ނުބައި ގުޅުމެއް ހިންގިފައެވެ. ވީއިރު މިއަދު އޭނާގެ ނުބައިކަން މާ ބޮޑެވެ. އެކަމާ ޖިޔާ ދެރަވިޔަސް، ޤަބޫލު ނުކުރެވެނީ އެ ގުޅުން ހިނގުމުގެ ސަބަބުން އޭނާ އުފާވެ ހިތްހަމަޖެހެންވީ ގޮތަކާއިމެދުއެވެ. އެ ޒުވާނާގެ ސޫރަ ޖިޔާގެ ލޯކުރިމަތިން ފިލައިގެން ނުދާތީއެވެ. އެ ޚިޔާލު އާވާ ކޮންމެ ވަގުތަކު ހިތްއަވަސްވެ ހަށިގަނޑުގެ ކޮންމެ ގުނަވަނެއް އެ ޒުވާނާގެ ބީހުންތަކަށް ގޮވާލާހެން ހީވާތީއެވެ.

“ޖިޔާއަށް އެބަ އެނގޭތަ ތި ކިޔޭ އެއްޗެއް، ގޮތެއް ފޮތެއް ނެތުނަސް ތީ ބޮޑުވަރު، އެއީ ފިރިމީހާ ކަމެއް ނޭނގޭތަ” ވަގުތުން ޝާކިރާގެ ލޮލުން ރުޅިވެރި ކަމުގެ ކަނިބުރާލި ކަހަލައެވެ.

“މަންމާ، ޖީއަށް އަނިޔާތަ ކުރަންވީ” ކުއްލިއަކަށް ޖިޔާގެ ފަހަތުގައި ހުރި ޒުހާ އައިސް ޖިޔާގެ ކޮނޑުގައި ދެއަތް ވަށާލި ގޮތުން ހީވީ އޭނާގެ ހިމާޔަތުގެ ދަށަށް ޖިޔާ ގެނެސް ލީހެންނެވެ. އަދި ހިތްހަމަ ނުޖެހިފައި ޝާކިރާއަށް ބަލާލަމުން އަވަސް އަވަހަށް ޖިޔާ ގޮވައިގެން އެތަނުން ދާން ހިނގައިގަތެވެ.

“މިވަގުތު އަހަރެންގެ ކުރިމަތިން އޭނާ ގެންދިއައްޔާ ރަނގަޅުވާނީވެސް، ހިތަށްއަރާ ކޮންރާއްޖެއަކުން ބާއޭ ވާހަކަދައްކަން ދަސްކޮށްގެން އައީ، އަދަބު ކުޑަކޮށްލާފައި ވާހަކަދައްކާއިރު މިކިޔެނީ ކީކޭކަން އެއްފަހަރުވެސް ވިސްނާލި ނަމަ…” ޝާކިރާ ބަދިގޭގައި ހުރެ ހަޅޭލަވާ އަޑު ޒުހާ، ޖިޔާ ގޮވައިގެން އައިސް އޭނާގެ ކޮޓަރިއަށް ވަންއިރުވެސް އިވެއެވެ.

“ޖީ، ކިހިނެއްތަވީ، ކީއްވެތަ މަންމަ ރުޅި އަންނަ ގޮތަށް ތިއުޅެނީ، ޖީ އަށް އެނގެއެންނު މަންމަގެ ގޮތް، ގޮތްދޫނުކުރާ ވަރާ، އަހަރުމެންގެ މައްޗަށް ނުފޫޒު ފޯރުވާވަރު” އިސްކޫލުގެ ފަހު އިމްތިހާނު ނިންމާލި ޖިޔާގެ އެއްބަނޑު އެއްބަފާ ކޮއްކޮ ޒުހާ އޯގާތެރިކަމާއިއެކު ޖިޔާ އާއި ވާހަކަދެއްކިއެވެ. ދެބެންގެ މެދުގައި ހުރީ އެއް އަހަރުގެ ތަފާތެވެ. އެހެންވެ ދެބެންވެސް އުޅެނީ ވަރަށް ގާތްކޮށެވެ. ނަމަވެސް މަންމަގެ ނުފޫޒުގެ ސަބަބުން ދެބެންގެ ގުޅުމަށްވެސް ވަނީ ހީނަރުކަމެއް ގެނުވާފައެވެ. ގިނަ ދުވަސްތަކެއް ވަންދެން ޖިޔާ އާއި ދުރުގައި އުޅެފައި ބައްދަލުވީތީ ޒުހާ އިނީ ވަރަށް އުފަލުންނެވެ. އެކަމަކު މިއީ އޭނާ ޖިޔާ އާއި ބައްދަލު ކުރަން ބޭނުންވި ގޮތެއް ނޫނެވެ. މަޑުމަޑުން ޖިޔާގެ ކޮނޑުގައި ޒުހާ ފިރުމާލިއެވެ. އެހިނދު ޖިޔާ އޭނާގެ ކޮއްކޮއަށް ބަލާލިއެވެ.

“އަހަރެން ކީކޭތަ ވަކި ބުނާނީ، ތެދަށް ބުންޏަސް މަންމަ އަޑުއަހަން ބޭނުންނުވާ ވާހަކައެއް އަޑުއެހުމަށް މަޖުބޫރު ކުރެވޭތަ، މަންމައަކީ އަބަދުވެސް މަންމަ ބޭނުންވެއްޖެއްޔާ އެކަމަކަށް ސަމާލުކަން ދޭ މީހެއް، ޒޫއްކޮ، އަހަރެން ދޮގެއް ނުހަދަން، ރިހާމަކީ އެހާ ރަނގަޅު މީހެއް ނޫން، އެހެންނޫނަސް އަހަންނަށް އޭނާ ކަމަކުވެސް ނުދޭ، އެކަމަކުވެސް މަންމަ ބޭނުންވާތީ އުޅެން މަސައްކަތް ކުރިން، އޭނަ އަހަރެން ގެއަށް ފޮނުވާލާފަ މިހިރީ ވަރިކޮށްފައޭ ތިހިރީ ބެނެފަ، ޒޫއްކޮ، މި ނޫންތަނެއް އެބަ އޮތްތައް އަހަރެން އައިސް ވަންނަން، އެކަމަކު ހާސްފަހަރު ހިތަށް އެރި މިނޫންތަނެއް އޮތްނަމައޭ، އޭރުން ހަމަގައިމުވެސް މިގެއަކަށް ދުވަހަކުވެސް އަންނާކަށް ނުޖެހުނީސް، އަންނާކަށް ބޭނުމެއްވެސް ނޫން” ޖިޔާ އިސްޖަހާލައިގެން އަތުގައި ބޮނޑިވެފައި އޮތް ހެދުމާއި ކުޅެމުން ވާހަކަދެއްކި އިރު، ދޭތެރެ ދޭތެރެއިން ޒުހާއަށް ބަލާލައެވެ.

“އަހަރެންވެސް އެ ރިހާމު ދެކެ ވަރަށް ފޫހިވޭ، ކުރިންވެސް އަހަންނަށް ފެނުނު އޭނާ ޖީ އާއި ދިމާލަށް ބަލާގޮތް، ހާދަ ފޫހި މީހެކޭ، ރަނގަޅަށް ޖީ ތިބުނީ، މަންމައަށް އޭނާގެ ކުށެއް ނުފެންނާނެ، އެހެންނުވާނީ، މިއޮތީ ގެއެއްވިއްޔަ އޭނާ ހަދައިދީފަ، ދެން ހުރި ބުރިތަކުން ލިބޭ ހުރިހާ ފައިސާއެއް ހުންނަނީ މަންމަގެ އެކައުންޓަށް ޖަމާވާ ގޮތަށް ހަދާފަ، ކޮންމެވެސް ވައްތަރެއްގެ ވުޑް ފްލޯރިންއެއް ޓެރެސްގައި އަޅަން ޖެހޭތީ އޯ އެތަން އަދި ނުނިމިފަ އެހުރީ، ވަރަށް އަވަހަށް އެވެސް އަންނާނެއޯ ބޭރުން، މަންމަ ވަރަށް ރިހާމާއި ގުޅައިގެން ވާހަކަ ދައްކާއަޑު އަހަންނަށް އިވިފަ މިހިރީ، ދެން ޖީ އެއްގޮތަކަށްވެސް ވޮރީ ކުރާނެ ކަމެއްނެތް، ނަސީބެންނު ރިހާމުގެ ކައިރިން ސަލާމަތްވިކަން، މަންމަ އެހެން އުޅެލާފަ ދުވަސްކޮޅަކުން އޯކޭ ވެދާނެ” ޒުހާގެ އެކުވެރިކަމުން ޖިޔާއަށް ހިތްހަމަޖެހުން ލިބުނެވެ.

* * * *

“ހާދަ ހިތްހަމަޖެހިލާފަ، ރޭގަ ކޮންތާކު އުޅުނީ، ހަމަގައިމުވެސް ޒުކަން އޮފީހަށް ނުދާކަން އަހަންނަށް އެނގޭ” ސައިބޯން ކާމޭޒު ކައިރީ އިން ޒުކަންގެ ގާތުގައި އިށީނުމަށް ގޮނޑި ދަމާލަމުން އިބާ ބުންޏެވެ. އެއްވެސް އެއްޗެއް ނުބުނެ ޒުކަން ސައިބޮމުން ދިޔައެވެ. އެކަން އިބާގެ އިތުރުން އެތަނުގައި ސައިތަށި ގިރާލަ ގިރާލައިން ތަހުމީނާއަށް ވެސް ފާހަގަ ކުރެވިގެން ދިޔައެވެ.

“އަޅެ މަށަށް މި ވާހަކަދެއްކެނީ މިހިރަ ފާރާތަ” ތަހުމީނާ އިންދަވެސް އިބާ ބުނަން ބޭނުން އެއްޗެއް ބުނެލާކަށް އޭނާ ފަހެއް ނުޖެހޭނެއެވެ. އެންމެ ފުރަތަމަ ޒުކަން ބޭނުންވީ އިބާގެ އެ ސިފަ ބަދަލު ކުރާށެވެ. ނަމަވެސް އެއީ އޭނާއަށް ނުވިކަމެކެވެ.

ޒުކަންގެ އުމުރުން ތިރީސް ހަ އަހަރުވެގެން ދިޔައިރު އޭނާ އާއި އިބާގެ ކައިވެންޏަށް ބާރަ އަހަރުވަނީ ވެފައެވެ. ކައިވެނި ކުރެވުނީ ދެމީހުންވެސް އޭރު ހިންގަމުން އައި ލޯބީގެ ގުޅުން ކައިވެންޏަކާއި ހަމައަށް ގެންދަން ބޭނުންވެގެންނެވެ. އިބާގެ ހުރި ނޭދެވޭ ސިފަތަކަށް އޭރު ޒުކަންގެ ލޯވަނީ ކަނުވެފައެވެ. ނޫނީ އެއިން އެއްވެސް ކަމަކަށް ވިސްނާލަން ބޭނުންނުވީ ކައިވެންޏަށްފަހު އިބާގެ ފަރާތުން ހަރުދަނާ އަންބެއްގެ ސިފަތައް ފެންނާނެ ކަމަށް ކުރެވުނު އިތުބާރެއްގެ ބޮޑުކަމުންނެވެ. އެހެންނަމަވެސް އޭރު އެ ދެމީހުންގެ މެދުގައި ޖަހާލި ގޮށް މަޑުމަޑުން މިއަދު މިވަނީ ދޫވާން ފަށާފައެވެ. އެވަރުންވެސް ޒުކަން މަސައްކަތް ކުރަމުން ދިޔައީ އަލުން އެގޮށް ބާރުކުރުމަށްޓަކައި ވާން ކޮށްލެވޭތޯއެވެ. ކުޑައިރުގެ ހިތި ހަނދާންތަކާއި ލިބުނު ތަޖުރިބާގެ ސަބަބުންނެވެ. މައިންބަފައިންނަށް ރަނގަޅު ދިރިއުޅުމެއް ނުލިބުނު ފަދައިން އޭނާއަށްވެސް އެފަދަ ގޮތެއް މެދުވެރިވެދާނެތީއެވެ. އިބާގެ ހުރިހާ ޢަމަލަކަށް އޭނާ އަދިވެސް ކެތްކުރަނީއެވެ. ދުވަސްވީ ކައިވެންޏާއި ލޯބިވާ އަންބިމީހާ އާއި ވަކިވާން ބޭނުންނުވާތީއެވެ.

އެއްވެސް ވަރަކަށް ދިރިއުޅުމުގައި ނާކާމިޔާބުވެފައި ވާ މީހެއްގެ ގޮތުގައި ވުމަށް ޒުކަން ނޭދެއެވެ. ސައިބޮއެ ނިމުމާއިއެކު އާދައިގެ ގޮތަކަށް ހިނގާލާފައި ޒުކަން އައިސް ވަނީ އޭނާގ ކޮޓަރިއަށެވެ. މިތަން ފެށި ހިތްހަމަނުޖެހިފައި އިން އިބާ ތުން އަންބުރާލުމާއިއެކު ސައިބޯން ފެށިއެވެ. ތަހުމީނާ ބަހެއްވެސް ނުބުނެ އޭނާއަށް ފެންނަމުންދާ މަންޒަރުތައް ނުފެންނަކަމަށް ހަދާލައިގެން އިނެވެ.

ފުންނޭވާއެއް ބޭރުކޮށްލުމާއިއެކު އެނދުގައި ޒުކަން އޮށޯވެލިއެވެ. އޭނާގެ ނިތުގައިވަނީ ކުޑަރިހުމެއް އުފެދިފައެވެ. އަނެއްކޮޅުން ހަށިގަނޑަށް ވަރުބަލިކަމެއްވެސް އިޙްސާސް ކުރެވެމުންދިޔައެވެ. ބޯދަށުގައި އޮތް ބާލީސް ހަމަޖައްސާލުމާއިއެކު އިތުރު ބާލީހެއްގެނެސް ގަޔާއި ކައިރިކޮށްލާފައި ޒުކަން ލޯ މަރާލިއެވެ. އަރާމު ނިންޖަކުން ނިދޭކަށް ގިނައިރެއް ނުނެގިއެވެ. ޒުކަން ސިހުނީ އޭނާގެ ގައިގާ މީހަކު އަތްލާފައި ނިކަން ބާރަށް އެއްޗެއް ބުނިއަޑަށެވެ. ދެލޯ ތަންމިނަށް ހުޅުވާލުމާއިއެކު ކޮޓަރިތެރެ ހޯދާލި ޒުކަންއަށް އޭނާގެ އަންހެނުން އިބާ ފެނިއްޖެއެވެ.

“ކާކުތަ އަހަރެން އޮފީހަށް ގެންގޮސްލާނީ، ޒުކަން އޮފީހަށް ދާން ބޭނުންނުވަންޏާ އޮތަސް އަހަރެންގެ މައްސަލައެއްނެތް، އެކަމަކު އަހަރެން ބޭނުން އޮފީހަށް ދާން” އާދައިގެ މަތިން އޮފީހަށް ދިއުމަށް ތައްޔާރުވާފަދައިން ނަލަހެދިލައިގެން ހުރި އިބާ އޭނާގެ އަތްދަބަސް ރަނގަޅުކޮށްލަމުން ވާހަކަދެއްކިއެވެ.

“މިއަދު…” ޒުކަން އެއްޗެއް ބުނަން އުޅެފަވެސް ހުއްޓާލިއެވެ. އަދި އަވަސް އަވަހަށް އެނދުން ތެދުވެގެން ފާޚާނާއަށް ވަދެ މޫނު ދޮވެލައިގެން ނުކުތެވެ. ހެދުންއަޅުވާ ހަރުގަނޑުގައި އޮތް ޓީޝާޓުނަގާ ގަޔަށް ހެޔޮވަރުކޮށްލުމާއިއެކު ލައިގެން ހުރި ދޫޓްރެކްސޫޓުގައި އޭނާ ހިނގައިގަތީ ކޮޓަރިން ބޭރަށެވެ. އެހިނދު އިބާ އޭނާގެ ފަހަތުން ހިނގައިގަތެވެ.

ބަހެއްވެސް ނުބުނެ އިނދެ ޒުކަން ކާރު ދުއްވަމުން ދިޔައީ އިބާގެ އޮފީސް ހުންނަ އިމާރާތަށް އޭނާ ގެންގޮސްދިނުމަށެވެ. އެހެންނަމަވެސް އެގޮތް އިބާއަކަށް ކަމަކު ނުދިއައެވެ. ދެތިން ފަހަރަކު ޒުކަންއަށް ބަލާލުމަށްފަހު ވާހަކަދައްކަން ފެށިއެވެ.

“އަދިވެސް ތިއިނީ ހިތްހަމަނުޖެހިފަތަ، އިއްޔެގަ ވީކަންތަކަށް ސޮރީ، ޒުކަން ކޮންއިރަކު ތިހާ ރުޅިގަދަ މީހަކަށްވީ، އަހަރެން ހީކުރީ އަހަރެންކަމަށް މީ ރުޅިގަދަ މީހަކީ، އަސްލު ވަރަށް ދެރަވި ރޭގަ ޒުކަން ގެއަށް ނައީމަ، ބުނެބަލަ، ކޮންތާކަށްތަ ދިޔައީ، ކީއްވެތަ ފޯނު ނިއްވާލީ” އިބާ ކުޑަކޮށް ޒުކަންނާއި ދިމާލަށް އެނބުރިލައިގެން އިނދެ ވާހަކަދައްކަމުން ދިޔައެވެ.

“އަހަންނަށް ގަބޫލެއްނުކުރެވޭ ކޮންމެފަހަރަކު އިބާ “ސޮރީ” ތިބުނަނީކީ ކޮންމެހެން ސޮރީ ފީލްވެގެން ކަމަކަށް، އިބާ ރުޅިއަންނަން ޖެހޭ ވަރުގެ ކަމަކަށްތަ އަހަރެން އެދެނީ، ބަލަ އިނދެގެން އުޅޭ ދެމަފިރިންވެއްޖެއްޔާ އެދުވަސް ދެކޭކަށް ބޭނުމެއްނުވާނެތަ، އަހަރެންވެސް އަދި އިބާ ވެސް އިތުރަކަށް ޒުވާނެއްނުވާނެ، އުމުރު ހުސްވުމުގެ ކުރިން އަހަރެން ވެސް ބޭނުން ދުނިޔޭގައި އަހަރެންގެ ނަން ދަމަހައްޓާނޭ ނިޝާނެއް ދޫކޮށްފައި ދާން، ކިތަށް އަހަރު މިވަނީ މަޑުކުރާތާ، ދުވަހަކުވެސް އިބާ ބޭނުންވި ދުވަހެއް ނާދޭ، ދަރިއަކު ބޭނުންނުވެގެން ތިއުޅެނީ ކީއްވެތަ، އިބާ އަހަންނަށް ޤަބޫލުކުރެވޭވަރުގެ ސަބަބެއް ދައްކަބަލަ، ތި ރީތިކަމަށް ބަދަލެއް އައިސްދާނެއޭ ހީވަނީތަ، މިހާރު މީ އެޒަމާނެއްނޫނޭ، ވިހާ ނިމުނީމަ އެކަން އެ ނިމުނީ، ކުރިން ހުރި ގޮތަށް ހަށިގަނޑު ބަދަލުވާނެ، ނޫނީ އެގޮތަށް ހުރުމަށްޓަކައި ކުރެވޭނެ އެތަށް ކަމެއް މިހާރު އެބަހުރި، އިބާއަށް ހަމަރަނގަޅަށް އެނގޭނެ އަހަންނަކީ އިބާ ޚަރަދުކުރާކަންކަމަށް ފާޑުކިޔާ މީހެއްނޫންކަން، ދެން ކީއްވެ މިކަން ނުކުރެވެންވީ، ތިބޭސްތަކެއްކާންވީ ކީއްކުރަން” ޒުކަން ހިތްހަމަ ނުޖެހިފައި އިންވަރުން ވާހަކަދެއްކީ އިބާއަށް ބަލާލުމެއްނެތިއެވ.

“ދެން އެހަށް މަޑުކޮށްބަލަ، އަހަންނަށް ވެސް އެނގެޔޭ ދެން އިތުރަށް އަހަރެން ޅައެއްނުވާނެކަން، އެހެންވިޔަސް އަހަރެން އަދި ރެޑީއެއްނޫން، ޕްލީޒް ޒުކަން، މިކަންދެން އެހާ ބޮޑު އިޝޫއަކަށް ނުހަދަބަލަ، އަހަރުމެން ދެމީހުން ކުރިންވެސް އުޅުނުހެން މަޖާކުރުމުގައި އުޅެވިދާނެ އެންނު، މިހާރު ނޫނަސް ފަހުންވެސް ތިކަމާ ވިސްނިދާނެއެންނު، އަހަރެން ބޭނުމެއްނޫން ޒުކަން ތިހެން އަބަދު ރުޅި މޫނު ހަދާފަ ހުންނާކަށް، އެވާހަކަ ބާއްވަބަލަ، އަދި ވެސް ނުބުނަމެންނު ރޭގަ އުޅުނީ ކޮންތާކުކަމެއް، އަހަރެން އޮފީހަށް ގުޅީމޭ، އެހެންވެ އެނގުނީ އޮފީހުގައި ނެތްކަން، ކީއްވެތަ މިއަދު އޮފީހަށް ނުދަނީ” އިބާ ވާހަކަ އެހެން ދިމާލަކަށް އަނބުރާލަން މަސައްކަތް ކުރިއެވެ.

“އަހަންނަށްވެސް އިބާ އާއި ކުރަން ބޭނުންވާ އެތަށް ސުވާލެއް އެބަހުރި، ހުސްވެދިޔަ ހަފްތާ ބަންދުގައި އިބާ ދިޔައީ ކޮން ރިސޯޓަކަށްކަމެއް އަހަރެން ގާތު ބުނިންތަ، ނޭހިއޭ ކިޔާފަ އިބާއަށް އަހަރެން ގާތު ބުނުން މުހިންމެއް ނުވި، އެކަމަކު އަހަންނަށް އެގޮތަށް ކަންތައްކޮށްފިނަމަ އެކަން އިބާއަށް ވަރަށް ބޮޑުކަމަކަށްވާނެ، އަހަރުމެން ދެމީހުންނަށްވެސް ރަނގަޅުވާނީ އިތުރަށް އެއްވެސް ވާހަކައެއް ނުދެއްކިއްޔާ” ޒުކަން ކަމެއް ފޮރުވަފާނެ ކަމަކަށް އެއްފަހަރުވެސް އިބާ ހިޔެއްނުކުރެއެވެ. އަނެއްކޮޅުން ޒުކަން އެދެއްކީ ދޮގުވާހަކައެއްވެސް ނޫނެވެ. ދިރިއުޅުމުގެ ކަންކަން ކޮންމެ ގޮތަކަށް ހުއްޓެއްކަމަކު އިބާ އަދިވެސް ލޯބިވަނީ ޒުކަންދެކެއެވެ. ޒުކަން ބޭނުންވި ނަމަވެސް އޭނާ އަދި ދަރިއެއް ހޯދާކަށް ބޭނުމެއްނޫނެވެ. ހައްޔަރެއްގައި ބަދެވިގެން ގޭގައި އިންނަ މީހަކަށް ވާކަށް އޭނާ ބޭނުމެއްނޫނެވެ. ލިބިފައިވާ މިނިވަންކަމަށް ކުޑަނަމަވެސް ބަދަލެއް އަތުވެދާނެތީ އިބާ ކަންބޮޑުވެއެވެ. ޒުކަންގެ ގޮތްވެސް އޭނާ ވަނީ ދަސްކޮށްފައެވެ. މިހާރު ޒުކަން އޭނާގެ ގާތުން އެންމެ ބޭނުންވަނީ ދަރިއެކެވެ. ދަރިއެއް ލިބުމުން އެކުއްޖާގެ ހުރިހާ ކަމެއް ކުރުމުގައި މަސްޢޫލުވުމަށް ޒުކަން، އިބާއަށް އަންގާނެ ކަމާއިމެދު އޭނާއަށް ޝައްކެއްނެތެވެ. ފުންނޭވާއެއް ބޭރުކޮށްލަމުން އިބާ ކާރުގެ ދޮރުފަތުގެ ބިއްލޫރިގަނޑުން މަގުމައްޗަށް ބަލަންއިނެވެ. ވާރޭގެ ތިކިތިކި ދޭތެރެއަކުން އައިސް އެ ދޮރުގެ ބިއްލޫރުގަނޑުގައި ޖެހި ފައިބައިގެން ދެއެވެ.

* * * * *

“ކޮންކަމަކަށް ގެއްލިފަ، ހިނގާ ސައިބޯން ދަމާ” ޒުހާގެ ކޮޓަރީގެ ކުޑަދޮރުކައިރީ ހުއްޓިލައިގެން ހުރި ޖިޔާގެ ކޮނޑުގައި އަތްބާއްވާލަމުން ބުންޏެވެ.

“ނުކެރޭނެ، މަންމަ ހުންނާނީ އަދިވެސް ވަރަށް ރުޅިއައިސްފަ، އަހަރެން ފެންނައިރަށް އަނެއްކާ ހަޅޭލަވަން ފަށާނެ” ޖިޔާ ހުރިގޮތަށް ހުރެ ބުނެލިއެވެ.

“ޖީ، މަންމެ ރުޅިގަނޑާއިމެދު ނުވިސްނަބަލަ، ޚުދު އަހަންނަށްވެސް އެނގޭ ޖީ އާއި އެ ރިހާމަކާ ނުގުޅޭކަން، ދެން މަންމަ ކޮންފާޑަކަށް އުޅޭކަށްތަ، ޕްލީޒް ޖީ، ދެން ހިނގާ ސައިބޯން، އެކަކުވެސް ބަދިގެ ފަރާތަކު ނެތް، އަހަރެންވެސް ވަރަށް ބަނޑުހައިވެފަ މިހިރީ” ޒުހާ ކުޑަކޮށް ޖިޔާގެ އަތަށް ދަމާލިއެވެ. އޭރުވެސް ޖިޔާގެ އަތުގައި އޭނާގެ ހެދުން އޮތެވެ. ޒުހާ އާއިއެކު ޖިޔާ ހިނގައިގަތީ އެ ހެދުން ހިފައިގެންނެވެ.

“ޖީ، ތި ހެދުން އެއްލާލަން ބޭނުންނުވަންޏާ ދޮންނަން މެޝިނަށް ލާން ހިނގާ، އޭރުން ކައިނިމެންވާއިރަށް ތިކަންވެސް ކުރެވިފަ އޮންނާނީ” ޒުހާ ޚިޔާލުފާޅުކުރިއެވެ. އެގޮތާއި ޖިޔާ ވެސް އެއްބަސްވެއްޖެއެވެ. ދެކުދިން އެކުގައި ބަދިގެ ފަރާތަށް އައެވެ. އަދި ބެލްކަންޏަށް ވާގޮތަށް ހުރި ބަޔަށް ޒުހާ، ޖިޔާ ގޮވައިގެން ނުކުތެވެ. އަދި އެތަނުގައި ހުރި ދޮންނަމެޝިނަށް ޖިޔާގެ ހެދުން ލުމަށްފަހު މެޝިނު ސެޓުކޮށްލިއެވެ. ދެން ދެކުދިން އެކުގައި އައިސް ކާމޭޒު ކައިރީ އިށީނެވެ. ޒުހާއަށްވުރެ ޖިޔާ އެއްއަހަރު ބޮޑުނަމަވެސް އޭނާގެ ޢަމަލުތައް ހުރި ގޮތުން ހީވަނީ އެ ދެބެންގެ ތެރެއިން ދޮށީ ޒުހާ ހެންނެވެ. ޖިޔާގެ ކައިރީ ހުރި ސައިޖޯޑަށް ހޫނުފެން އަޅާދިނުމާއިއެކު ޒުހާ ސައިފަތް ޕެކެޓެއް އެ ޖޯޑަށް ލާދިނެވެ. މަޖާވެލާފައި ޒުހާ އެކިއެކި ވާހަކަތައް ދައްކަމުން ދިޔައިރުވެސް ޖިޔާގެ މޫނުމަތިން ފެންނަނީ ކަމަކާ ފިކުރުބޮޑުވެފައި ހުރި ތަނެވެ. ޒުހާއަށް ހީވެފައި އޮތީ ޖިޔާ މިހާރު އެ ކަންބޮޑުވަނީ މަންމަ އާއިމެދުގައި ކަމުގައެވެ.

“އަހަރެން ޒުހާ އާއިއެކު ޒުހާގެ ކޮޓަރީގައި މަޑުކޮށްލިޔަސް އެންމެ ރަނގަޅުތަ” ކުއްލިއަކަށް ޖިޔާ އަހާލިގޮތުން ހީވީ އޭނާއަކީ އެގެއަށް އައިސް އިން ދުރުހިލޭ ބީރައްޓެއްސެއްހެންނެވެ. އެގޮތް ޒުހާއަށް ކަމަކު ނުދިޔައެވެ.

“ސާބަސް ޖީ، މީ ޖީގެ ވެސް ގެއޭ، ފަހަރެއްގަވެސް ހީނުކުރައްޗޭ ޖީއަށް މިގޭގަ ތަނެއްނެތޭ، ޖީއަށްވެސް ކޮޓަރިއެއް އެބަހުރި، އެކަމަކު ޖީ ބޭނުންވަނީ އަހަންނާއިއެކު އުޅެން ކަމުގައި ވާނަމަ އެކަމާ އެއްވެސް މައްސަލައެއް ނެތް، އައެމް ޓޯޓަލީ ހެޕީ ޓު ޝެއަރ މައި ރޫމް ވިތް ޔޫ، މީގެ ކުރިންވެސް އަހަރުމެން އެގޮތަށް އުޅުނީއެންނު، އަހަންނަށް އެއްވެސް އުނދަގުލެއް ނުވާނެ ޖީ އުޅުނޭ ކިޔާފަ، އެކަމަކު އަދި އެއްކަންތައް، ޖީ ނުހުންނައްޗޭ ބޭނުންކަމެއް ނުކުރެވިފަ، އަހަރެންގެ އެއްޗިއްސަކީ ހަމަ ޖީގެވެސް އެއްޗެހި، ހަނދާންވޭތަ، ކުރިންވެސް އަހަރުމެން ދެމީހުން އެކަކު އަނެކަކުގެ ހެދުން ލާ އުޅުނީމެންނު، ވީ ޝެއަރ އެވްރީތިންގ، ޔޫ އަރ މައި ބެސްޓް ސިސްޓަރ” ޒުހާ ލޯތްބާއިއެކު ޖިޔާގެ ކޮނޑަށް އަތްވައްޓާލަމުން ހީނލިއެވެ.

ދެކުދިން ސައިބޮއެ ނިމިގެން ތަށިތައް ނަގާފައި ބަދިގެން ނުކުމެގެން އައީ މެޝިނަށް ލީ ހެދުންވެސް ހިފައިގެންނެވެ. ޒުހާގެ ކޮޓަރިއަށް ވަދެވުމާއިއެކު އޭނާ އަވަސްއަވަހަށް އައިސް އަލަމާރިން ހެދުން އަޅުވަން ކޮނޑެއް ނެނގިއެވެ. ޖިޔާ އޭނާގެ އަތުގައި އޮތް ހެދުން ކޮނޑުގައި އަޅުވާލުމާއިއެކު ޒުހާގެ ހެދުން އަޅުވާ ހަރުގަނޑުގައި އެ ކޮނޑު އަޅުވާލިއެވެ.

“ބޮޑު ޗުއްޓީގަ މަންމަ އެއްވެސް ތަނަކަށް ނުދޭތަ” ޖިޔާ އައިސް ޒުހާގެ އެނދުގައި އިށީންނަމުން އަހާލިއެވެ.

“މަންމަ އެބައޮތް ޕްލޭންކޮށްފަ، އެކަމަކު ދެރައީ ޖީ ކުރިން އަންނަކަން ނޭނގުނީމަ، އެހެންވެ އެވާހަކަ ދައްކާނެ ގޮތެއްވެސް ނޭނގިފަ މީނީ” ޒުހާގެ އަޑުގައި ހަމަހިމޭންކަމެއް އެކުލެވިގެން ދިޔައެވެ.

“ތިބުނި އެއްޗެއް އަދި ނުވިސްނުނު” ޖިޔާ ވަރަށް ރަނގަޅަށް ޒުހާއަށް ބަލާލިއެވެ.

“މަންމަ އުޅެނީ ހުރިހާ ކުދިން ގޮވައިގެން ލަންކާ ޓްރިޕެއް ދާންވެގެން، މިހާރު ޓިކެޓުވެސް ހަމަޖައްސައިފިހެން ހީވަނީ، ދެރަވަނީ އެ ޓްރިޕްގައި ޖީއަށް ބައިވެރި ނުވެވިދާނެތީ، އެހެންވެ އެވާހަކަ ނުދައްކާން މިއިނީ، އެކަމަކު މަންމަ ކަންތައްކުރާނީ ކިހިނެއްކަމެއް ހަމަ އެއްގޮތަކަށްވެސް ނޭނގޭ” ޒުހާ މިހެންބުނެ ޖިޔާގެ މޫނަށް ބަލާލިއެވެ.

“އެއީ މާކުރިން ހަމަޖެހިފައޮތް ކަމެންނު، އޭރު އަހަރެން އެނބުރި ގެއަށް އަންނާނެ ކަމެއްވެސް މަންމަމެންނަކަށް ނޭނގޭ، އަހަންނަށް ނުދެވުނަސް އެއީ މައްސަލައެއްނޫން، ޒޫއްކޮ ދެރަވާނެކަމެއްނެތް، މަންމަ ކޮންމެ ގޮތަކަށް ނިންމި ކަމުގައިވިޔަސް އަހަރެން އެ ނިންމުމަށް ގަދަރުކުރާނަން” މިހެންބުނެ ޖިޔާ ލުއިލުއި ހިނިތުންވުމެއް އޭނާގެ ކޮއްކޮ ޒުހާއަށް ދިނެވެ. ބަދަލުގައި ޒުހާއަށްވެސް ހިނިތުންވެލެވުނީއެވެ.

“ކުޑަކޮށް އަރާމުކޮށްލަން އަހަރެން ބޭނުން” ޖިޔާގެ ހަށިގަނޑަށް ވަރުބަލިކަން އިޙްސާސް ކުރެވިގެން ދިއުމާއިއެކު ބުނެލިއެވެ.

“ޖީ ނެޕެއް ނަގާލާފަ ތެދުވޭ، އޭރުން ހުރިހާ ކަމެއް އޯކޭވެދާނެ، ޖީއަށް ވަކިއިރެއްވީމަ ގޮވާނެތަ” ޒުހާ އަވަސް އަވަހަށް އެނދުން ތެދުވަމުން ޖިޔާ އޮށޯންނަން ބާލީސްތަށް ރަނގަޅުކޮށްލަ ދިނެވެ. ޖިޔާ ނޫނެކޭ ބުނުމުގެ ގޮތުން ދެފަރާތަށް ބޯހޫރާލަމުން އެނދުގެ އަރިމައްޗަށް ވާގޮތަށް އޮށޯވެލިއެވެ.

* * * * *

ވާރޭގެ ބޮޑެތި ތިކިތަކުން ޑިސެމްބަރު މަހުގެ ރޭތަށް ތެތްމަމުން ދިޔައެވެ. ކޮންމެ ރެއަކީ ފިންޏާއި ހަނގުރާމަ ކުރަންޖެހިފައިވާ ރޭތަކެއް ފަދައެވެ. ހޫނުމޫސުމުގެ ބައިވެރިޔާކަމުގައިވާ އޭސީތަކާއި ފަންކާތަކުގެ ބޭނުން ވަގުތީގޮތުން މެދުކެނޑިފައިވެއެވެ. ބޯކޮށް ވެހެމުން ދިޔަ ވާރޭގެ ތިކިތަކުގެ ވަކިތަކަށް ސަމާލުކަމެއް ނުދީ ދުވަމުން އައި އިސްކޮޅުން ކުރު އަންހެން ކުއްޖާ ވަނީ ބޯގަސްތަކުން ފުރިފައިވާ ޕާކަށެވެ. ދިހަބުރީގެ އިމާރާތުގެ ބެލްކަންޏަށް ނުކުމެ ހުރި ބާވީސް އަހަރުގެ ނާވީއަށް އެމަންޒަރު ފެނުމުން ފުރަތަމަ ޤަބޫލެއް ނުކުރެވުނެވެ. ޕާކުގެ ވަކި ސަރަޙައްދަކަށް ވެރިވެފައި ހުރި ފަނޑު އަލިކަމުގެ ތެރެއިން އެދިމާ ސާފުކޮށް ފެންނަމުން ދިޔައެވެ.

“ވަޓް ދަ…” ކަންފަތުގައި ޖަހާފައި ހުރި ފޯނުގެ މަތިން ވެސް ނާވީ ހަނދާންނެތުނު ކަހަލައެވެ. އަވަސް އަވަހަށް އަޅާފައި ހުރި ނަންބަރު އައިނުގެ ދުނިގަނޑުގައި އިނގިލިޖައްސާލަމުން ރަނގަޅުކޮށްލުމާއިއެކު ބެލްކަނީގެ ވާތްފަރާތަށް ހިނގައިގަނެއްޖެއެވެ. އޭރުވެސް އޭނާގެ ނަޒަރުވަނީ ޕާކުގެ ތެރެއަށް ހުއްޓިފައެވެ. ކުއްލިއަކަށް ނާވީ ހުއްޓުމާއިއެކު ބެލްކަނީގެ ވަށައިގެން އަޅާފައި ހުރި ހޮޅީގައި އެއްއަތުން ހިފާއްޓާލާފައި ކޮރާލެވުނެވެ. އޭރު ވެހެމުންދިޔަ ވާރޭގެ ތިކިތަށް ނާވީގެ އައިނުގެ ބިއްލޫރި ގަނޑު ފުސްކުރަމުން ދިޔައެވެ.

“ހެލޯ… ހެލޯ… ބަޑީ، އެބަހުރިންތަ” ނާވީގެ ފޯނުގެ އަނެއްކޮޅުން ވާހަކަދައްކަމުން ދިޔަ ޒުވާނާ ބުނި އަޑުއިވުނެވެ.

“ޑޫޑް، ޔޫ ވޯންޓް ބިލީވް ދިސް” ކުއްލިއަކަށް ނާވީގެ އަޑުގައި އާދަޔާއި ޚިލާފު ރޫހެއް އެކުލެވިގެން ދިޔައެވެ. އެއާއިއެކު ޕާކުތެރެއަށް ވަން އަންހެން ކުއްޖާގެ ވާހަކަ ފޯނުގެ އަނެއްކޮޅުގައި ހުރި އޭނާގެ ރަޙުމަތްތެރިޔާ ޝާވިންއަށް ކިޔާދެމުން ދިޔައެވެ.

“ހަމަ ސީރިއަސްކޮށްމިބުނީ، މިއޮށްވިއްސާރައިގަ އަދިވެސް އޭނީ އެގޮނޑީގަ އިށީނދެގެން، މިތާ ބެލްކަނީގައި ހުންނައިރު އަހަންނަށް ރީތިކޮށް އެބަފެނޭ، ކިތަންމެ ދުރުންވިޔަސް އެތަނުގައި މީހަކު އިންކަން ޔަޤީން، އަހަރެންގެ ހިތްބުނަނީ އެއީ އެ އަންހެން ކުއްޖާއޭ” ނާވީ ބުންޏެވެ.

“ތިވާނީ ޖިންނިއަކަށް، ހަމަހޭގަ ހުރެ އަންހެން ކުއްޖަކު ނުދާނެ މިގަޑީގަ އެޕާކަކަށް، އަޑުއެހިން އެތަން ވަރަށް ނާމާނޭކިޔާ އަޑުވެސް، އެތަނަށް މާފޮޅުވަން ދިޔަ ބަޔަކަށްވެސް އެއްޗެއް ފެނުނޯ ކިޔާ” މެންދަމުން އަލިވެ އެކެއްޖަހާ ދިޔައީތީވެ ޝާވިން ހީވީ އޭނާގެ ތަޖުރިބާ ހިއްސާކޮށްލިހެންނެވެ.

“އޭތް! ޖިންނިއެއްނަމަ ދުވެފަގޮސް ޕާކަކަށް ނުވަންނާނެއެންނު، އިސްކޮޅުން ހީވަނީ ކުޑަކުއްޖެއްހެން، އަނެއްކާ ގެއްލިގެން ނޫންބާ އެއުޅެނީ” ނާވީގެ ޝައުގުވެރިކަން އިތުރުވަމުން ދިޔައީ އެއީކާކުތޯ ބެލުމަށެވެ.

“ނާވީ ބިރުނުގަންނަންޏާ ދާންވީނު ދެން ބަލަން” ޝާވިން ޚިޔާލުފާޅުކުރީ ނާވީ ބޭނުންވާގޮތް އެނގިހުރެކަހަލައެވެ. ނަމަވެސް ނާވީ ލުއިގޮތަކަށް ހީނލާފައި މިރެއަކު ނޫނޭ ބުންޏެވެ. އަދި އޭނާގެ ގަޔަށް ވިއްސަމުން ދިޔަ ވާރޭގެ ތިކިތަކުން ސަލާމަތްވުމަށް އަވަހަށް އައިސް ބެލްކަންޏަށް ނުކުންނަން ހުރި ދޮރާކައިރިވެލިއެވެ.

* * * * *

ޖިޔާ އޭނާގެ ގެއަށް ބަދަލުވީއްސުރެން ޝާކިރާ ހުންނަނީ އޭނާދެކެ ހިތްހަމަ ނުޖެހިފައެވެ. މިހާރު އަދިވަކިން ހުންނަނީ ރުޅި ގަދަވެފައެވެ. އަހަރުގެ ބޮޑުޗުއްޓީގެ ދުވަސްތައް ހޭދަކުރުމަށްޓަކައި ޢާއިލާ އާއިއެކުގައި ސްރީލަންކާއަށް ވަނީ ގޮހެވެ. ނަމަވެސް ޝާކިރާ ގަސްދުގައި ދިޔައީ ޖިޔާ އެކަނި ގޭގައި ބަހައްޓާފައެވެ. އެކަމާ ޖިޔާ ދެރައެއްނުވެއެވެ. ކުރިން ޝާކިރާ ހުރީ އޭނާ ގޮވައިގެން ދާން ބޭނުންވެފައެވެ. އެހެންނަމަވެސް ކުއްލިއަކަށް ހުރިހާ ކަމެއް ބަދަލުވީއެވެ. އޭނާއަށްވެސް މިހެންވެދާނެ ކަމެއް ނޭނގިހުއްޓައެވެ. އޭގެ ފަހުން ޖިޔާގެ ބައިވެރިއެއްކަމުގައި ވީ ވެހެންމުންދާ ވާރެއެވެ. މިއަދު އޭނާ އެހުރި މަޤާމަށް ގެނުވީ ހަމަ އެވާރޭއެވެ. އެއީވެސް މިރޭ ފަދަ ވިއްސާރަރެއެކެވެ. މެދުކެނޑުމެއްނެތި ވެހެމުންދިޔަ ވާރޭގެ ތެރޭގައި ޖިޔާގެ މުޅި ހަޔާތްބަދަލުކޮށްލި ރެއެކެވެ. އެ ރެއަށްފަހު ޖިޔާގެ ހިތަކީ އޭނާގެ ބާރުހިނގާ އެއްޗެއް ނޫނެވެ. އަބަދުމެ ވިސްނެނީ ވާރޭގެ ތެރޭގައި އޭނާ އާއި ބައްދަލުކުރި ރީތި ޒުވާނާ އާއިމެދުއެވެ. އެޒުވާނާ އާއި ބެހޭ އެއްވެސް މަޢުލޫމާތެއް ޖިޔާއަށް ނުލިބުނުއިރު އޭނާގެ ހަށިގަނޑުގައި އެޒުވާނާވަނީ ތާއަބަދަށް ދެމިގެންދާނޭފަދަ ލަކުނެއްލައްވާފައެވެ. ޝާކިރާގެ ރުޅި އިންތިހާއަށް ދިޔައީ އެހެންވެއެވެ. އެއީ ކާކުތޯ ހޯދަން ޖިޔާ ތެޅި ފޮޅެންފެށީ އެހެންވެއެވެ. ޖިޔާ ދުނިޔެއަށް ހަޤީޤަތް ފޮރުވީ ފަހުންވާނޭ ގޮތަކާއިމެދު ކުޑަކޮށްވެސް ވިސްނާލާފައެއްނޫނެވެ.

ޝާކިރާ ފުރައިގެން ދިއުމާއިއެކު މުޅި ގޭތެރޭގެ ފަޅުކަން ޖިޔާގެ ހިތް ރޮއްވާލަނީ އެއްވެސް ރަހުމެއް ހަމްދަރުދީއެއްނެތިއެވެ. ކަރުހިއްކައިގަނެފައިވާ މުސާފިރެއްހެން ޖިޔާގެ ވަގުތީ މަންޒިލަކީ އެރޭގެ އުފާތަށް ހޯދި ބޯގަސްތަކުން ފުރިފައިވާ ޕާކެވެ. ނަމަވެސް އެތަނަށް ދިއުމަކުން އޭނާގެ ކަރުހިއްކުން ފިލުވައެއްނުދިނެވެ. ހިތަށް ކުޑަނަމަވެސް ހަމަޖެހުމެއް ލިއްބައެއްނުދިނެވެ. ތެމިވާރޭގެ ތެރޭގައި އެޒުވާނާ އަންނާނެ އިރަކަށް ޖިޔާ އިންތިޒާރު ކުރަމުން ދިޔައީ ހިމޭން ކަރުނައިގެ ތެރޭގައެވެ. ގިސްލެވި މީހާގެ ނޭވާ ހިނދޭއިރުވެސް އޭނާގެ ކަރުނަތަށް ވެހެމުންދިޔަ ވާރޭގެތެރޭގައިވަނީ ސިއްރުވެފައެވެ. އެތަނަށް ޖިޔާ އައިސް އެޒުވާނާ އާއިއެކު ވަގުތު ހޭދަކުރި ބޮޑުގަސް ކުރިމައްޗަށްވާގޮތަށް ހުރި ހިލަގޮނޑީގައި އެތަށް އިރެއް އޭނާ ވޭތުކުރެއެވެ. އެންމެފަހުން އިރުއަރަނީވެސް އޭނާގެ އިންތިޒާރަށް ނިމުމެއްނުގެނެސްދީއެވެ.

ޖިޔާގެ ހާލު ދެރަވާންފެށީ މަހުގެ ކުރީކޮޅުއެވެ. ފުރަން ދެތިންދުވަހަށް ވެފައިވަނިކޮށެވެ. ފިކުރުބޮޑުވެފައި ހުންނަ ޖިޔާއަށް އޭނާގެ ހަށިގަނޑަށް ބަދަލުތަކެއް އަންނަކަމުގެ ލިސާންތައް ފާޅުކަންމަތީ ގޮވާލަމުން ދިޔައިރުވެސް އެކަމަށް ސަމާލުވާކަށް އޭނާއަކަށް ނޭނގުނެވެ. ހެނދުނު ހޭލާގޮތަށް ގޮހޮރުގައި ހުރި އެއްޗެއްވިއްޔާ ފާޚާނާތައްޓަށް އޭނާ ބޭރުކުރަން ފެށުމުން އެކަމާ އެންމެ ފުރަތަމަ ކަންބޮވުން ފާޅު ކުރީ ޒުހާއެވެ.

“ޖީ، ބަލީތަ، ހާދަވަރަކަށް ތި ހޮޑުލަނީ” ފާޚާނާގެ ކުރިމަތީ މަޑުކޮށްލައިގެން ހުރި ޒުހާ ބުންޏެވެ. ޖިޔާ ނޫނެކޭ ބުނެ އަވަސް އަވަހަށް އަނގަދޮވެލައި ފެންވަރަން ތައްޔާރުވެއެވެ.

އޭގެ ހަފްތާއެއް ފަހުން ޖިޔާ އަނބުރައިގަނެގެން ވެއްޓުމުން ހުރިހާ ސިއްރެއް ބޭޒާރުވީއެވެ. ޖިޔާ ހޭއެރިއިރު އެންމެ ގާތުގައި ހުރީ ޝާކިރާއެވެ. އުފާވެރިކަމުގެ ހިނިތުންވުމަކުން ހިނިތުންވެލައިގެންނެވެ. ވެގެން އުޅޭގޮތެއް އޮޅުންފިލީ ކުޑައިރުކޮޅެއްފަހުންނެވެ. އޭރު ދުރުގައި ހުރި ޒީޝާގެ މޫނުމަތިން ރުޅިވެރިކަމުގެ ކަނިބުރާ ކަހަލައެވެ.

“ކޮންގްރެޓްސް ޖީ، ޑޮކްޓަރ ވިދާޅުވީ ޖީ ޕްރެގްކަމަށް” ޒުހާ ހިނިއައިސްފައި އައިސް އެނދުގައި އޮތް ޖިޔާގެ ގައިގާ ބައްދާލިއެވެ.

“ހިނގާ އަވަހަށް ރިހާމަށް ގުޅަމާ” ޝާކިރާ ހެވިފައި ބުންޏެވެ. ހާސްވެފައި އޮތް ޖިޔާއަށް އެވަގުތު އެއްޗެއް ބުނާކަށް ނުކެރުނެވެ. އޭނާއަށް ކަމުގެ ހަޤީޤަތް އެނގޭތީއެވެ. ޝާކިރާ އުޅެއުޅެވެސް ރިހާމާއި ގުޅޭގޮތެއްނުވިއެވެ. އޭނާ ޖިޔާ އާއި ސުވާލުކުރުމުންވެސް ޖިޔާ އެއްވެސް ޖަވާބެއް ނުދެއެވެ. ހޮސްޕިޓަލުން ޖިޔާ ގެއަށް ގެންދިއުމުންވެސް ރިހާމާއި ބެހޭގޮތުން ޖިޔާ އެއްވެސް ވާހަކައެއް ނުދެއްކިއެވެ. އެކަމާހުރެ ޝާކިރާގެ ކެތްތެރިކަން ކޮޅުންލަމުން ދިޔައެވެ. ހަމައެގޮތަށް ޖިޔާގެ ކެތްތެރިކަންވެސް ކޮޅުންލަމުން ދިޔައެވެ. އަބަދުމެ ދެލޯ ހޯދަމުން ދިޔައީ އޭނާގެ ހިތުގެވެރިޔާއެވެ. އެހިތުން ޔާގަދެވުނު ލޯބިވެރިޔާއަށެވެ. އެ ޚަބަރައިގެން އޭނާގެ އަރިއަހަށް ދިއުމަށް ޖިޔާގެ ހިތްވަނީ އަވަސްވެފައެވެ. އެހެންނަމަވެސް ގެއިން ނުކުމެގެން އެ ޒުވާނާ ހޯދުމަށް އޭނާ ދާނީ ވަކި ކޮންދިމާލަކަށް ހެއްޔެވެ. އަނެއްކޮޅުން މަންމަ ޝާކިރާގެ ސުވާލުތަކުން އޭނާގެ ސިކުނޑި ހާސްކުރުވަމުން ދިޔައެވެ. ކީއްވެކަމެއްނޭނގެއެވެ. ފުރަން ދެދުވަހަށް ވެފައިވަނިކޮށް އޭނާގެ އަނގައިން ނުކުތީ ބޭނުންނުވިނަމަވެސް ހައްޤުތެދެވެ.

“ރިހާމަށް އޭނާގެ ދަރިއެއް މި ދުނިޔެއަށް އުފަންވާން އުޅޭކަން އެނގެންޖެހޭނެ، ޖިޔާ ބޭނުންވިޔަސް ނުވިޔަސް އެކަން އޭނާއަށް އަންގަން ޖެހޭނީ، އަހަރެން ކޮންމެ ގޮތަކުންވިޔަސް ރިހާމު ހޯދާނަން، އޭނާ ގާތު ބުނާނަން ޖިޔާ އޭނާގެ ދަރިއަކަށް ބަލިވެއިން ވާހަކަ…” ޝަކިރާގެ އަޑުބަންދުވެގެން ދިޔައީ ޖިޔާގެ ހަޅޭކުގެ އަޑުންނެވެ.

“އަހަންނަށް ލިބެން މިއުޅެނީ ރިހާމުގެ ދަރިއެއްނޫން، އޭނާގެ ދަރިއެއް އަހަރެން ދުވަހަކުވެސް ނުވިހާނަން، އަހަރެންބަލިވެއިނީ ރިހާމަކަށް ނޫން… އެނުލަފާ މީހާއަކަށް ނޫން…” ޖިޔާ މޮޔައެއްހެން ހުރެ ހަޅޭލަވަމުން ދިޔައެވެ. ޝާކިރާ އައިރުޅީގައި ޖިޔާގެ އަނގަމަތީ ޖެހިއެވެ. އަދި ޖިޔާގެ ދޫ ހިމޭނުން ބޭއްވުމަށް އަމުރުކުރިއެވެ. އޭނާ އެންމެނަށް ދަތުރަށް ތައްޔާރުވާން އެންގިއިރު ޖިޔާއަށް އެންގީ ގޭގައި އެކަނިވެފައި ހުރުމަށެވެ. އޭރުން ހެޔޮވިސްނުން ލިބިދާނެކަމުގައެވެ. އެކަނި އުޅެންޖެހުމުން ޖިޔާއަށް އޭނާގެ ހާލު ވިސްނި ދަރިފުޅުގެ ބައްޕައަކީ ރިހާމުކަން ޤަބޫލުކުރަން މަޖުބޫރުވާނެކަމުގައި ޝާކިރާ ދެކުނެވެ. ރޮވިފައި ހުރިފަދަ ގޮތަކަށް ޒުހާ އޭނާގެ ޢާއިލާ އާއިއެކު ނުކުމެގެން ދިޔައީ ޖިޔާ އާއިމެދު ހަމްދަރުދީ ފާޅުކުރަމުންނެވެ. ނަމަވެސް ޖިޔާގެ މޫނުމަތިންނާއި އެ ދެލޮލުން ފެންނަނީ ހަރުކަށިކަމާއި ގޮތްދޫނުކުރުމެވެ. މީހަކު ޤަބޫލުނުކުރިނަމަވެސް އޭނާ ބުނަމުންދާ ބަހުގެ ތެދުކަމެވެ.

ރޮއެ ރޮއެ އަރުބެދިގެން ދިޔައިރުވެސް ޖިޔާ އިނީ ވާރޭގެ ތެރޭ ޕާކުގެ ހިލަގޮނޑީގައި އިށީނދެގެންނެވެ. ފަތިހުގެ ފުރަތަމަ އަލި ދެވިލާގަނޑު ދޭތެރެއިން ފުރޭނިގެން ކަހަލަގޮތަކަށް ދައްކާލިއެވެ. ރޮއެރޮއެ ކަރުނަ ހުސްނުވި ދެލޮލުން ޖިޔާ އުޑުމައްޗަށް ބަލާލިއެވެ. އޭނާގެ ހިތުގެ ވެރިޔާ އާއި ބައްދަލުވުމަށް އެދި ހިތާހިތާ ދުޢާކުރާ ހާލުގައެވެ.

* * * * *

އުޑުމައްޗަށް ބަލަހައްޓައިގެން ހުރި ޒުކަންގެ ދެލޯވަނީ މެރިފައެވެ. ބެލްކަނީގެ ރެއިލިންގައި ހިފާއްޓާލައިގެން ހުރިއިރު އޭނާގެ ހަށިގަނޑު ތެތްމަމުން ދިޔައީ ވާރޭގެ ރަހުމުކުޑަ ތިކިތަކުންނެވެ. އެވާރޭ އޭނާއަށް ހަނދާންކޮށްދެމުން ދިޔައީ މިހާތަނަށް ޒުކަންގެ ހަނދާނުގައި ބިންވަޅުނެގިފައިވާ ސޫރާ އާއި އެރޭ އެ ރީތި ޕަރީއެއްފަދަ އަންހެންކުއްޖާ އާއިއެކު ހިނގާދިޔަ ކަންތައްތަކުގެ މަތީންނެވެ. އެ ޚިޔާލުތަކާއި ވަކިވުމަށް އޭނާ ކުރި ހުރިހާ ކަމެއްވީ ބޭކާރެވެ. ދުވަހަކަށްވުރެ ދުވަހެއް އިބާ އާއި އޮތްގުޅުން ދިޔައީ ދުރުވެ ހީނަރުވަމުންނެވެ. އެކުގައި އުޅުމަށްޓަކައި ކުރަންޖެހުނު އެތަށްކަމަކަށް ފަރުވާކުޑަކުރެވުނެވެ. އަބަދުމެ ޒުކަންއަށް ހޯދެނީ އެރީތި އަންހެން ކުއްޖާއެވެ. ވިސްނެނީ މިހާރު އޭނާވީ ކޮންތާކު ކަމާއިމެދުއެވެ. ހޯދަންދާން ކިތަންމެ ފަހަރަކު ހިތަށްވެސް އެރިއެވެ. އެހެންނަމަވެސް އޭނާ ފަސްޖެހެނީ އިބާގެ ސަބަބުންނެވެ. ކުރެވިފައިވާ ކައިވެނި ނިމުމަކަށް ގެންނަންޖެހިދާނެތީއެވެ.

“އަހަންނާއި ދެންބައްދަލުވާނެ އިރަކަށް އިންތިޒާރު ކުރަމުތަ، ހަމަޔަގީނުންވެސް އަހަރެންގެ ހިތް ކަލާ ހުރިތަނަކުން ހޯދުމަށް އެދި އާދޭސްކުރޭމެ… އެކަމަކު…” ޒުކަންއަށް ވާރޭގެތެރޭގައި އޭނާގެ މަރާލެވިފައިވާ ދެލޯ ކުރިއަށްވުރެވެސް ބާރުކޮށްލެވުނެވެ.

“ޒުކަން، ކިހިނެއްވެފަތަ ތިހުންނަނީ، މުޅިމީހާ އެއްކޮށް ތެމިފޯވާއިރު ވެސް ހަމައެބަހުރި އެތެރެއަށް ވަންނަން ނޫޅެ، މިހާރު ކިހިނެއްތަ ޒުކަން ތިއުޅެނީ، އާދޭ އެތެރެއަށް، މިހާ ރޮމޭންޓިކު ފިނިރެއަކު ޒުކަން އަހަރެން ގާތު އެނދުގައި ނޯންނާން ތިއުޅެނީ ކީއްވެތަ” މަޑުފެހިކުލައިގެ ނިދާހެދުމުގައި ހުރި އިބާގެ އަޑު ޒުކަންގެ ފަހަތުން އިވުނެވެ. ހުރިތަނުން ހިރިލަން ބޭނުންނުވެފައި ހުރެވެސް ޒުކަން އެނބުރިލިއެވެ. މަސްތީބެލުމަކުން ބަލަންހުރި އިބާގެ ހަށިގަނޑުގެ ބޮޑުބައެއް ހާމަކަމާއިއެކު އޭނާއަށް ފެންނަން ހުއްޓެވެ. ނަމަވެސް އެކަމުން އޭނާއަށް އުނދަގޫވި ކަހަލައެވެ. އަވަސް އަވަހަށް ކޮޓަރިތެރެއަށް ވަދެގެން އައިގޮތަށް ވަނީ ފާޚާނާއަށެވެ. ހަލުވިކަމާއިއެކު އޭނާގެ ފަހަތުން ދުވެފައި އައި އިބާ ޒުކަންގެ ފަހަތުން ފާޚާނާއަށް ވަނެވެ.

“އިބާ، ތީ ކޮންކަމެއް، އެހަށް ބޭރަށް ނުކުމެބަލަ” ޒުކަން ދުރަށްޖެހިލަމުން ބުނެލިއެވެ. އެއަޑު އިބާއަށް އިވުނުކަމަކަށް ނުވިއެވެ. އޭނާގެ ފިޔަވަޅުތައް ހައްތަހާވީ ޒުކަން އާއި ގާތެވެ. އޭރު ޒުކަންގެ މޫނުމަތިން ހިތްހަމަނުޖެހުން ފާޅުވާންފަށައިފިއެވެ.

“އަހަރެން ގޮތަކަށް އެބައުޅެންތަ، އެހެންނޫނަސް ޒުކަން އެއްޗެހި ނުލާ ހުއްޓާ އަހަންނަށް ފެންނަ ފުރަތަމަފަހަރެއް ނޫނެންނު މީ، އާދެބަލަ އަހަންނާއިއެކު އެނދަށް، ކިހާ ދުވަހެއް ވެއްޖެ ޒުކަންގެ ފަރާތުން އަހަންނަށް ހިތްހަމަޖެހުމެއް ނުދޭތާ، އަހަރެންމީ ޒުކަންގެ އަނބިމީހާ…” އިބާގެ އަނގައިގައި ފަހުބަސް އޮއްވައި ޒުކަން ވާހަކަދައްކަން ފެށިއެވެ. ދެންވެސް އިބާ އާއި ދުރަށް ޖެހިލާފައެވެ.

“އަނބިމީހާ އެދޭ ކަންތައްތައް އެކަނިތަ ކޮށްދޭން ޖެހެނީ، ފިރިމީހާގެ އެދުންތައް ކޮބާ، އިބާ ކުއްޖަކު ހޯދަން ބޭނުންނުވާންވީ ސަބަބެއް އަދިވެސް އަހަރެންގާތު ނުބުނެވޭ، އަހަރެންގެ އުމުރުދެބައިވީމައެއްނޫން ދަރިއަކު ބޭނުންވަނީކީ، އިބާ ބޭނުންވާގޮތަށް އުފާކޮށްލާ ހިތްހަމަޖައްސާލަން މިހާރު އަހަރެން ބޭނުމެއްނޫން، އިބާ އާއި ގައިގޯޅިވެގެން އަހަރެން އުޅެން ބޭނުންނުވަނީވެސް އެހެންވެ” ފޫހިކަމާއިއެކު ޒުކަން ބުނެލިއެވެ. ހައިރާންވެފައި އިބާއަށް ބަލަން ހުރެވުނީއެވެ.

“ޒުކަން ބޭނުންވަންޏާ ހިނގާބަލަ ކުއްޖަކު ހޯދަން، ތިހެން ދުރުގަ ހުއްޓަކަސް ކުއްޖެއްނުލިބޭނެ އެންނު” ޒުކަންގެ ހިތްހަމަނުޖެހުމަށްވުރެ އިބާގެ އިޙްސާސްތަކުގެ ބާރުވަނީ ގަދަވެފައެވެ. އިބާ ބުނިއެއްޗަކާއި ދެކޮޅު ހަދަން ޒުކަން ބޭނުންވިޔަސް އޭނާއަށް އިތުރަށް ނުރުހުން ފާޅުކުރާކަށް ނުކެރުނެވެ. ޒުކަންގެ ގާތަށް ލެފިލާފައި އޭނާގެ ތެމިފައި ހުރި ގަމީސް ހަށިގަނޑާއި ވަކިކޮށްލެވުނު ވަގުތު ހީވީ ފުންމިން ނޭނގޭ ކަނޑަކަށް އޭނާ ޢަރަޤުވާން ފެށިހެންނެވެ. ހިތުގައި ހުޅުރޯވަން ތައްޔާރުވެފައި ހުރި ޖަޒުބާތުތައް ކެކިއަރައިގަތީ އޭނާގެ ސިކުނޑިއަށާއި ހިތަށް ކެހިދީފައެވެ. ލޮލަށް ސިފަވެގެން ދިޔައީ އިބާއެއް ނޫނެވެ. ފުރަތަމަ ފަހަރަށް އަމިއްލަ އަނބިމީހާގެ ގައިގާ ބީހިލެވުނީ އެހެން އަންހެނެއްގެ ޚިޔާލުގައި ހުރެއެވެ. ހަށިގަނޑުގެ ކޮންމެ ދިމާލަކުން ޖަހާލިވިންދެއްގެ ތެޅުން އަލުން އިޙްސާސްކޮށްދެމުންނެވެ. ޒުކަންގެ ބާރުގަދަ ދެއަތުގެތެރޭގައިވި އިބާއަށް ދުވަހަކުވެސް އިޙްސާސް ކުރެވިފައިނުވާފަދަ ތަފާތު ފޮނިމީރުކަމެއް މިރޭ ލިބިގެން ދިޔައެވެ. މީގެ ކުރިން ޒުކަންގެ ފަރާތުން އެފަދަ ޖޯޝަކާއި ހިތްއަވަސްކުރުވާފަދަ ބީހުންތަކެއް އިބާއަށް އިޙްސާސްކުރެވިފައި ނުވާފަދައެވެ.

ދެފަރާތަށް ފުރޮޅިލުމާއިއެކު ހަތަރެސްފައި ދަމާލި ޒުކަން މަޑުމަޑުން ލޯހުޅުވާލީ ނިދީގެ އަރާމުކަން ލިބިގެންފައިވާ މީހަކު ފަދައިންނެވެ. އޭރު އޭނާގެ މޭމަތީ އަތްބާއްވާލައިގެން ގާތުގައި ނިދިފައި އޮތް އިބާ ފެނުނީ ދެނެވެ. އިރުކޮޅަކު އިބާގެ މޫނަށް ބަލަހައްޓައިގެން އޮވެފައި ޒުކަން ތެދުވިއެވެ. ރޭގައި އިބާދެއްކި ހުރިހާ ވާހަކައެއް އޭނާ ހަނދާން އެބަހުއްޓެވެ. އެހެންނަމަވެސް އިބާ ދައްކާ ވާހަކަ އާއި އޭނާގެ ޢަމަލުތައް ހުންނަގޮތާއި ހާސްބައި ތަފާތުކަން ޒުކަންއަށް ވަނީ ދަސްވެފައެވެ. ވީއިރު އިބާ ދައްކާ އެއްވެސް ވާހަކައެއް ޤަބޫލު ކުރާނީ ކިހިނެއްހެއްޔެވެ. އިބާ ބަލިވެއިނިއްޔާ ނޫނީ ޒުކަންއަށް އެކަމެއް ޤަބޫލެއް ނުކުރެވޭނެއެވެ. އަނެއްކޮޅުން އިބާ ދަރިމައިނުވާ ބޭސް ބޭނުންކުރާކަން ޒުކަންއަށް އެނގެއެވެ. ގަދަކަމުން އިބާއަށް މަޖުބޫރުކުރާކަށް ޒުކަން ބޭނުމެއްނުވެއެވެ. އަނިޔާކުރުމަކީ އޭނާގެ ގޮތެއްނޫނެވެ. އެހެންނަމަވެސް ކެތްވާނީ ވަކިވަރަކަށްކަން ޚުދު އޭނާގެ ޟަމީރުވެސް ޤަބޫލުކުރެއެވެ.

* * * * *

ފާޚާނާއިން ނުކުން ޖިޔާގެ ދެލޯވަނީ ދުޅަވެފައެވެ. އެ ރީތި މޫނުމަތީގެ ވިދުން ފަނޑުވެ ހިތާމައިގެ ވާދީއެއްގައި ބޭނުންވާ މަންޒިލާއި ހަމައަށް ވާސިލު ނުވެވިފައި އިން ބަދުނަސީބުވެރިއެކޭ ޖިޔާއެކޭ ތަފާތެއްނެތެވެ. ކޮޓަރިން ނުކުމުގެން، ބަދިގެ ފަރާތަށް އައިސް ދެ ޕާންފޮތި ޓޯސްޓަރަށް ލުމަށްފަހު ކަޅުސައިތައްޓެއް ހަދާލިއެވެ. އެކަނިވެރިކަމާއި ފަޅުކަމުގެ ތެރެއިން އޭނާގެ ހިތް ގިސްލާރޯއަޑު އިވޭކަހަލައެވެ. އެއްވެސް ކަމެއް ކުރާހިތެއް ޖިޔާ ނުވެއެވެ. ލޯތްބަކީ ވޭނެއްކަމުގައިނޫނީ ޖިޔާއަށް ނުވެއެވެ. ކިތަންމެ ފަހަރަކު އަމިއްލަ ހިތާ ސުވާލުކުރެއެވެ. އެހިތަށް ލޯބިދަސްވާން ޖެހުނު ސަބަބަކާއިމެދުއެވެ. އެހާ ހިތްދަތި އިޙްސާސެއް ލިބިގަންނަން އެހިތް ބޭނުންވީ ކީއްވެކަމެވެ. އެތަށް އިރަކު އަމިއްލަ ޚިޔާލުގެ ތެރެއަށް ގެއްލިފައި ޖިޔާ އިނެވެ.

* * * * *

ނާވީގެ ޝައުގުވެރިކަން ވާރޭވެހޭ ކޮންމެ ރެއަކުމެ ދެވެމުން އައީ ގޭދޮށުގައި ހުރި ހިޔާޕާކުގެ ތެރެއަށެވެ. އެއިން ކޮންމެ ރެއަކުމެ އޭނާއަށް ފެންނަނީ އެއްމަންޒަރެއް ތަކުރާރުވާތެނެވެ. ރަޙުމަތްތެރިންނާއި ދިމާވެއްޖެނަމަ އޭނާއަށް ދެއްކެނީ ވެސް އެ ވާހަކައެވެ. އެންމެންގެ ލަފާ ވެސް ހުރީ ނާވީ ބޭނުންވާ ގޮތަށެވެ. ޝައުގުވެރިކުރުވާ ކޮންމެ ކަމަކީ އެކަމަކަށް ސަމާލުކަން ދޭންވާނެ ކަމެއްގެ ގޮތުގައެވެ. ނާވީއަށް ކެރޭނަމަ އެ ޕާކަށް އެ ގަޑީގައި ދިއުމަށް އޭނާގެ ހުރިހާ ރަޙުމަތްތެރިންވެސް ޚިޔާލު ދީ ބާރުއެޅިއެވެ.

ވިލާ ކޮލެޖުގައި މިހާރު ޑިގްރީއަށް ކިޔަވަމުން އަންނަ ނާވީއަކީ ސްކޫލު ދުވަސްވަރުން ފެށިގެން ވެސް ތަޢުލީމަށް ޝައުގުވެރިކަން ހުންނަ ހުޝިޔާރު މޮޅު ދަރިވަރެކެވެ. ރާއްޖޭން ބޭރުގައި ހުރުމަށްފަހު މާލެ އަށް ކިޔެވުން ބަދަލު ކުރަންޖެހުނީ ނާވީގެ މަންމަ މި ދުނިޔެއާއި ވަކިވުމާއި ގުޅިގެންނެވެ. ޢާއިލާ އާއި ދުރުގައި ހުރެ ކިޔެވުމަށް ދޭންވާ ފުރިހަމަ ސަމާލުކަން ދިނުން އޭނާއަށް ދަތިކަމަކަށްވުމުންނެވެ. މިހާރު ދުނިޔޭގައި ތިބި ހަމައެކަނި ޢާއިލާ އަކީ އޭނާގެ ލޯބިވާ ބައްޕަ ފުއާދާއި އެއްބަނޑު އެއްބަފާ ދައްތަ ނުހާއެވެ. މާލޭގައި ހިނގާދިޔަ ނުރައްކާތެރި އެކްސިޑެންޓުގައި ނިޔާވި ފަސްމީހުންގެ ތެރެއިން ދެ މީހުންނަކީ އެ ޢާއިލާގެ ވަރަށްވެސް މުހިންމު ދެ މެންބަރުންނެވެ. ސަރުކާރުން ޢާއިލާއަށް ތައުޒިޔާ ވިދާޅުވިއިރު ގެއްލުމުގެ ޒިންމާ އުފުލި ފަރާތުން ޢާއިލާއަށްވަނީ ފައިސާގެ އެހީއެއް ފޯރުކޮށްދެއްވާފައެވެ. ޢާއިލާއަށް ލިބިގެންދިޔަ ފުންހިތާމަ ކުޑަކޮށްދިނުމަށްޓަކައި އެކަކަށް އެއްކަމެއްވެސް ކޮށްނުދެވުނެވެ. ބައެއްގެ ސަބަބުން އެ ޢާއިލާއަށް ދުވަހަކުވެސް ފޫނުބެދޭނޭފަދަ ބޮޑު އެކަނިވެރިކަމެއް ލިބުނެވެ. ފުއާދަށް އޭނާގެ އަނބިމީހާ ގެއްލުނުއިރު އެ ދެމަފިރިންނަށް ލިބުނު ހަމައެކަނި އަންހެން ދަރިފުޅުވެސް ވަނީ އެ ހާދިސާގެ ސަބަބުން ހުވަފަތްވެ އޭނާގެ ތިންއަހަރުގެ ދަރިފުޅު ޔަތީމުވެފައެވެ. ނަމަވެސް ޢާއިލާގެ ހުރިހާ މެންބަރުންގެ އެކަނިވެރިކަން ފިލުވާދޭ ބައިވެރިއެއްކަމުގައިވީ ނުހާގެ ތިން އަހަރަށްދާ ދަރިފުޅު ޒިޔާފެވެ. ފިރިއަކާއި ނުލާ އުޅެމުން އަންނަ ނުހާއަށް އެންމެ ބޮޑު ހިތްވަރެއް ލިބެމުން އަންނަނީ ނާވީގެ ފަރާތުންނެވެ. ނުހާ އޭނާގެ ވަޒީފާއިން ވަކިވުމާއިއެކު ގޭގެ ހުރިހާ ޒިންމާއަކާއި ހަވާލުވީ އޭނާގެ މަންމައަށްޓަކައެވެ. ގޭގެކަންތައްތައް ކުރުމަށްޓަކައި ބޭރުމީހެއްގެ އަތްމައްޗަށް ދޫކޮށްލަން ބޭނުންނުވާތީ އާއިއެކުވެސް މެއެވެ. ލޯބިވާ ބައްޕަ އާއި ހުރި ހަމައެކަނި ކޮއްކޮގެ ކަންތައްތައް ކުރުމުގެ އިތުރުން އޭނާގެ ދަރިފުޅުވެސް ގެއަށް ގެންނަ މަސައްކަތު މީހާގެ އަތްމައްޗަށް ދޫކޮށްލުމަކީ އޭނާގެ މަންމަ އެއްގޮތަކަށްވެސް ރުހޭނޭ ކަމެއްނޫންކަން ނުހާއަށް އެނގޭތީވެސް މެއެވެ. ގޭގެ އެކި ފަންގިފިލާގައި ހަދާފައި ހުރި އެޕާޓްމެންޓުތައް ކުއްޔަށް ދީގެން ލިބޭ ފައިސާ އާއިއެކު ގޭގެ ޚަރަދުތައް ބެލެހެއްޓުމުގެ ހުރިހާ ޒިންމާއެއް ނުހާ ނެގިއެވެ. ވަޒީފާއިން މުސްކުޅިކުރެވިފައިވާ ބައްޕަގެ ހިތާމަ ކުޑަކުރުމަށް ނުހާ މަސައްކަތް ކުރިއިރު އޭނާގެ އަމިއްލަ ހަޔާތަށް އައިސްފައިވާ ފަޅުކަން އޭނާގެ ހިތްރޮއްވަމުން ދެއެވެ. ނަމަވެސް އޭނާއަކީ ހިތްވަރުގަދަ އަންހެނެކެވެ. ކަރުނަ އާއި ހަނގުރާމަ ކުރުމަކީ އޭނާއަށް ފަސޭހަކަމެވެ. ކޮއްކޮ ނާވީގެ ސަބަބުން އޭނާގެ ދަރިފުޅަށް ބައްޕަގެ ލޯބި އުނިވާ އެހެނެއް ހިޔެއްނުވެއެވެ. ތުއްތު ޒިޔާފާއި އޭނާގެ ބައްޕަ ވަކިވެގެން ދިޔަތާ ހަތަރުމަސް ވެގެންދިޔައިރު މަދުފަހަރަކު ނޫނީ ބައްޕަ ކޮބާތޯ ޒިޔާފު ނާހައެވެ. އެވެސް ބައެއް ރޭރޭ ނިދާގަޑީގައެވެ. ނާވީ ގޭގައި ހުރެއްޖެނަމަ އޭނާގެ ހުރިހާ ވަގުތަކާއި ސަމާލުކަމެއް ޒިޔާފަށް ހުސްކޮށްލަދެއެވެ. އެއީވެސް ނުހާއަށް ލިބޭ ވަރަށް ބޮޑު ހިތްހަމަޖހުމެކެވެ. މީހެއް ގާތު ނުބުނި ކަމުގައިވިޔަސް ނާވީގެ ބޭނުމަކީވެސް ޒިޔާފަށް ބައްޕައެއްގެ ލޯބި އުނިވިޔަ ނުދިނުމެވެ.

އިސްކޮޅުން ދެމިލާފައި ހުންނަ ނާވީއަކީ ވަރުގަދަ ހަށިގަނޑެއްގެ ވެރިއެއްނޫނެވެ. ކުޑައިރުއްސުރެ ފެނުމުގައި އުނިކަމެއް ހުރުމުގެ ސަބަބުން އޭނާއަށްވަނީ އައިނު އަޅަންޖެހިފައެވެ. އަންހެން ކުއްޖެއްގެ ހިޔަނިވެސް އެޅިފައިނުވާ ނާވީގެ ހަޔާތުގައި އެންމެ މުހިންމު ރޯލެއް އަދާކުރާ ބަޔަކީ އޭނާގެ ޢާއިލާ އާއި ގާތް ރަޙުމަތްތެރިންނެވެ.

ފާޚާނާއަށް ވަން ނާވީ ފާރުގައި ހުރި ބުޅިގަނޑުގައި އަޅުވާލާފައި އޮތް އޭނާގެ ދިގު ވިއްސާރަކޯޓު ނެގިއެވެ. އަދި ފާޚާނާ ތެރެއަށް އެ ފޮޅާލުމާއިއެކު އޭނާގެ ގަޔަށް އެ ކޯޓު ހެޔޮވަރުކޮށްލިއެވެ. އެއާއިއެކު އަވަސް ފިޔަވަޅުތަކެއް އަޅަމުން އައިސް ބެލްކަންޏަށް ނުކުމެ ދިމާ ކުރިމަތިން ފެންނަން އޮތް ޕާކުތެރެއަށް ބަލާލީ ކޮރާލަފައެވެ. ބޮޑު ބިޔަ ގަހުގެ މަތިން ހިލަގޮނޑީގައި އިން މީހަކު ނާވީއަށް ފެނުމުން އޭނާ އެނބުރި ކޮޓަރިއަށް ވަދެ ބެލްކަންޏަށް ނުކުމެވެން ހުރި ދޮރު ތަޅުލިއެވެ. އަދި ކޮޓަރިން ނުކުމެ ހިނގައިގަންނަމުން ލައިގެން ހުރި ކޯޓުގެ ދެފަރާތް ގެނެސް ހަރުކޮށްލިއެވެ.

“ނާވީ، ދަރިފުޅު އަދި ނުނިދަންތަ؟ މިހާ ވިއްސާރައިރު ބޭރަށް ދަނީތަ” ސިޓިން ރޫމުގައި ގަނޑުތަކެއް ހިފައިގެން އިން ފުއާދަށް ކޮޓަރިން ނުކުން ނާވީ ފެނުމާއިއެކު ސުވާލުކޮށްލެވުނެވެ.

“އެބެ އަންނަން ވަރަށް އަވަހަށް، ބައްޕަ އެހާ ގިނައިރު ހޭލާ ނުހުންނައްޗޭ، އަހަރެން މިދަނީ ތަޅުދަނޑިވެސް ހިފައިގެން، ބައްޕަ ނިދަންވީމަ ދޮރުތަޅުލިޔަސް އަހަންނަށް އައިސް ވަދެވޭނެ” ނާވީ އަށް އޭނާގެ ބައްޕަ ފެނުމުން ހައިރާންވިނަމަވެސް ހަމަޖެހިލާފައި ވާހަކަދެއްކިއެވެ. ފުއާދު ބޯޖަހާލަމުން އޭނާ އަތުގައި އޮތް ގަނޑަށް އަނެއްކާވެސް ބަލަންފެށިއެވެ. އޭނާ ނާވީއަށް ވަރަށް އިތުބާރުކުރެއެވެ. އެހެންވެ ދަރިފުޅު ދަނީ ކޮންތާކަށްތޯ އެނގުން މުހިއްމު ނުވީއެވެ. ނާވީއަކީ އަހުލާގު ރަނގަޅު ކުއްޖަކަށްވާތީ ގޯސްމަގަކުން އޭނާ ނުދާނެ ކަމުގެ ފުރިހަމަ އިތުބާރު ފުއާދަށް އަބަދުވެސް އޮވެއެވެ.

ގޭން ނުކުމެވުމާއިއެކު ކުޑަކޮށް ދުވެލާފައި މަގުގެ އަނެއްފަރާތަށް ނާވީ އައެވެ. އަދި ދުރުން ފެންނަން ހުރި ޕާކާ ދިމާލަށް އޭނާ މިސްރާބުޖެހިއެވެ. ދެފަޔަށް ބާރުލާފައި ހިނގުން އަވަސްކޮށްލުމުގެ ކުރިން ނާވީ ގުދުވެ އޭނާ ލައިގެން ހުރި ޖިންސުގެ ފައިކުރި ކަށިމައްޗާއި ހަމަޔަށް އޮޅާލިއެވެ. އޭނާއަށް ޕާކުގެ ދޮރާ ހަމަޔަށް ނުދެވުނެއް ކަމަކު ޕާކުގެ ތިރިކޮށް ހަދާފައި ހުރި ފާރުބުރި މަތިން ގަސްތައް ދެއަތުން ދުރުކޮށްލުމާއިއެކު ޕާކުގެ ތެރެއަށް ފުންމައިލިއެވެ. އަދި ސިއްރު ފިޔަވަޅުތަކެއް ދުރުދުރުގައި އަޅަމުން ކަހަލަގޮތަކަށް އޭނާ ދިޔައީ ޕާކުގައި ހުރި ބޮޑުގަހާއި ދިމާލަށެވެ. އޭރު އޭނާގެ ހުރިހާ ސަމާލުކަމެއްވަނީ އެއްދިމާލަކަށް ހުއްޓިފައެވެ. ކުއްލިއަކަށް ގަހެއްގެ ގޮފިތަކުގެ ތެރެއިން ހޭރިގަތް ވާލެއް އުދުއްސައިގަތުމާއިއެކު ނާވީ ދިޔައީ ސިއްސައިގެންނެވެ. މުޅި މީހާއަށް ހުއްޓުން އެރިއެވެ. ވަށައިގެން ނަޒަރުހިންގާލުމާއިއެކު އޭނާގެ އަވަސްވެފައިވާ ހިތް ހަމައަކަށް އަޅުވަމުން ހިންދިރުވާލިއެވެ.

ނާވީ އައިސް ބޮޑުގަހުގެ ނިވަލުގައި ހުއްޓިލަމުން އަމިއްލައަށް ހިނިތުންވެލިއެވެ. އޭރު ވެހެންމުންދިޔަ ވާރޭގެ އަސަރު ގަސްދޮށަށް ކުރާލެއް ވަރަށް ކުޑައެވެ. އެހެންވެ ބޮލުގައި އަޅުވާފައި އޮތް ކޯޓުގެ ބައި ފަހަތަށް ވައްޓާލަމުން އޭނާ ސިއްރު ސިއްރުން ގަހުގެ އެއްފަރާތަށް ނުކުމެ ހިލަގޮނޑީގައި އިން މީހާއަށް ބަލާލިއެވެ. ނާވީއަށް އެސްފިޔަ ޖަހާލަންވެސް ދަތިވެގެން ދިޔައީ، ޕާކުގެ ހިލަގޮނޑީގައި އިން ރީތި އަންހެން ކުއްޖާ ފެނިފައެވެ. ވާރޭގެ ތެރޭގައި އެ އަންހެން ކުއްޖާގެ ލޮލުން ކަރުނަ ފާޅުނުވިނަމަވެސް އޭނާ ރޮނީކަން އިސްޖަހާލައިގެން އިން މޫނުފެނި ނާވީ އަށް ޔަގީން ކުރެވުނެވެ. އަނދިރީގެ ތެރެއަށް ދެ ލޯ ބޮޑަށް ހުޅުވާލަމުން ނާވީ ބަލަމުން ދިޔައެވެ. އުނގުގައި ބާއްވާލައިގެން އިން ދެއަތް ޖޯޑުކޮށްލެވިފައި ވީއިރު އެ އަންހެން ކުއްޖާގެ ދެ ލޯ ވަނީ މެރިފައެވެ.

ލޮލުގައި އަޅާފައިވާ އައިނުގެ ބިއްލޫރިކޮޅަށް ވާރޭގެތިކިތަކުން ދެމުން ދިޔަ ހަމަލާއިން ނާވީގެ ފެނުން ފުސްވާންފެށިއެވެ. އެއާއިއެކު އަވަސް އަވަހަށް އައިނު ނަގާ އަތުން ފޮހެލިއެވެ. މުޅިން ސާފުނުވިނަމަވެސް އޭނާއަށް ފެންނަވަރު ވިއެވެ. ދެންވެސް އޭނާ ސިއްރުން ހުރެ ބަލަމުން ދިޔައީ ޕާކުގެ ހިލަގޮނޑީގައި އެކަނިމާއެކަނި އިށީނދެލައިގެން އިން އަންހެން ކުއްޖާއަށެވެ. ހިތާ ހިތާ އެއީ ކާކުތޯ ސުވާލުކުރަމުންނެވެ. ތަންކޮޅެއް ބޮޑަށް އެ އަންހެން ކުއްޖާއަށް ބަލާލުމަށް ނާވީ ބޮޑުގަހުގެ ނިވަލުން އެއްފަރާތަށް ޖެހިލަން އުޅުމުގެ ތެރޭގައި ގަސްގަނޑުގެ ބައެއްގައި އަޅައިގަނެފައި ކޯޓުގަ ހަރުކޮށްފައި ހުރި ދެފަރާތް ނެއްޓިގެން ދިޔައެވެ. އަދި އެއަޑު ވާރޭގެ ތެރޭގައި ވެސް ފާހަގަވެގެން ދިޔައެވެ.

ހަމައެވަގުތު، ދެލޯ މަރާލައިގެން އިން ޖިޔާއަށް ވެސް އަޑެއް އިވުނުކަން ޔަގީން ކުރެވުމާއިއެކު ކުއްލިއަކަށް ދެލޯ ހުޅުވާ އަޑުއައި ދިމާލަށް ބަލާލެވުނެވެ. ވަގުތުން ޖިޔާގެ ހިތް ބާރަށް ތެޅިގަތީ ކަމަކަށް ކެތްތެރިކަން ކުޑަވެފައިވާ ހެންނެވެ. ދިމާކުރިމަތީ ހުރި ބޮޑު ގަހުގެ ކައިރިން ފަނޑުނަމަވެސް، ވެރިވެފައިވާ އަނދިރިކަމަށްވުރެ ކަޅުކަން ގަދަ އެއްޗެއް، ޖިޔާއަށް ފެނުނުހެން ހިވީއެވެ. ތެޅިތެޅި އޮތް ހިތާއިއެކު ދެލޯފޮހެލަމުން، ބޮޑުކޮށްލީ ވާރޭގެ ތެރޭގައި ރަނގަޅަށް ބާލުލުމުގެ ބޭނުމުގައެވެ. އެހެންއިންތާ ކުޑަކުޑަ ހިނދުކޮޅެއްގެ ތެރޭ އަނެއްކާވެސް ޖިޔާއަށް ގަސްކައިރިން ކަޅުކޮށް ހުރި އެއްޗެއް ފެނިއްޖެއެވެ. މިފަހަރު އެއީ އިންސާނެއްގެ ހިޔަނި ނޫނީ ހަމައަސްލުވެސް އިންސާނެއްކަން ޖިޔާއަށް ޤަބޫލުކުރެވުނެވެ. ގިސްލެވުމާއިއެކު ބޭރުވެގެން ދިޔަ ނޭވާ ހިފާއްޓާން ޖިޔާ މަސައްކަތް ކުރަމުން އިންތަނުން ތެދުވެ ގަހާއި ދިމާލަށް ހިނގައިގަތެވެ.

“ތިއައީތަ… ހަމަތިއައީތަ… ތިހޯދަނީ އަހަރެން ދޯ” ބޮޑުގަހާއި ކައިރިވުމާއިއެކު ޖިޔާގެ ހިތުގެ ދުލުން ބުނެވުނެވެ. އެހެންނަމަވެސް އެއަޑު އިވުނީ ޚުދު އޭނާއަށެވެ. އެވަގުތު ޖިޔާގެ ހަނދާނަށް ވެރިވެގެން ދިޔައީ އޭނާ އެންމެ ފުރަތަމަ އެ ޕާކަށް އައިރެއެވެ. އެ ވިއްސާރައިގެ ތެރޭގައި އޭނާގެ ހިތް އަތުލައިގަތް ޒުވާނާ އައިސް އެގަސްކައިރީ، އެ ގަހުގެ ހިޔަލަށް ނުވަދެ މަޑުކޮށްލައިގެން ހުރި ގޮތެވެ. ޖިޔާގެ ދެފައި ބިންގަނޑާއިއެކު ހިލިހިލާ އަޅައި ބަނދެލި ކަހަލައެވެ. އޭނާއަށް އެބޮޑުގަހުގެ ހިޔަލަށް ނުވަދެ މަޑުކޮށްލެވުނެވެ. އަދި ގަސްކައިރީ ފޮރުވިގެން ހުރީ އޭނާގެ އިންތިޒާރުތަކުގެ ނިމުންކަމުގައި ހީވެ، އެ ޒުވާނާއަށްޓަކައި ކެތްތެރިކަން ކުޑަވެފައި ހުރި ނަޒަރަކުން ގަހާއި ދިމާލަށް ބަލަން ހުރެވުނެވެ.

ގަސްކައިރިއަށް އައި ޖިޔާ ހުއްޓުމުން، މަޑުމަޑުން ގަސްކައިރިން ޖިޔާގެ ކުރިމައްޗަށް ނުކުތުމަށް ނާވީ ހިނގައިގަތެވެ. ކުޑަކޮށް ހާސްވެ ކަންބޮޑުވެފައި ހުރެއެވެ. އޭނާގެ ރަޙުމަތްތެރިން ބުނިފަދައިން ރޭގަނޑު ދަންވަރު މި އަންހެން ކުއްޖާ އޭނާއަށް ފެންނަނީ އަނެއްކާ ޖިންނިއަކީ ބާއެވެ. ނާވީއަށް އަޑުއިވުނުގޮތުން ޖިންނިން އިންސާނުންނަށް ފެންނަނީ އެމީހުންގެ ހިތްރުހޭ ހުރިހާ ސިފައެއް ޖެހިގެންނެވެ. ނާވީ އަނެއްކާވެސް ލޮލުގައި އޮތް އައިނުގެ ބިއްލޫރިކޮޅު ފޮހެލާފައި ކުރިމަތިން ދިހަވަރަކަށް ފިޔަވަޅު ދުރުގައި ހުރި ޖިޔާއަށް ބަލާލިއެވެ.

(ނުނިމޭ)

Leave a Comment

Your email address will not be published. Required fields are marked *