ރޭގަނޑުގެ ކެއުމަށްފަހު ނިދަން ކޮޓަރިއަށް ނާއިލު ވަނީ ބާރަ ޖަހާ ދިޔަފަހުންނެވެ. އެވެސް މީކާ ނިދަން ދާން ބޭނުންވެގެން އެކަމުގެ ހުއްދައަކަށް އެދުމުން، ދެން އިތުރު ގޮތެއްނެތިގެންނެވެ.
މިތޫފާނީ ރޭގައި ނާއިލު އާއި ޝަބާގެ ދެމެދަށްވަނީ ހިމޭން ކަމުގެ ތޫފާނެއް އައިސްފައެވެ. ނާއިލުއަށް ފުރަގަސް ދީގެން އޮތް ޝަބާގެ ސިކުނޑިއަށް އަރާ ފައިބަމުންދިޔަ ޚިޔާލުތަކުން އިރުއިރުކޮޅާ ދެލޯ މަރާ ބާރުކޮއްލައެވެ. އިންތިޒާރު ކުރެވެނީ ނާއިލު އެއްޗެއް ބުނާނެ އިރަކަށެވެ. ހަމަ އެގޮތަށް ނާއިލުވެސް އިންތިޒާރު ކުރަމުން ދިޔައީ ޝަބާ އެއްޗެއް ބުނާނެ އިރަކަށެވެ. ކުއްލިއަކަށް މިވީ ކިހިނެއް ހެއްޔެވެ. ގާތްވަމުން އައި ގުޅުމުގައި ކުންޏަކަށްވާފަދަ، ކުންޏެއްވެސް ނުޖެހެއެވެ. އެހެންވިޔަސް ނާއިލު އާއި ޝަބާގެ ދެމެދަށްވަނީ ދިގުދެމިގެންދާފަދަ ހިމޭންކަމެއް ވެރިވެފައެވެ. ކުޑަކުޑަ ހިނދުކޮޅެއްގެ ތެރޭގައި އެދެމެދުގައި ނަގާ ކޮޅަށް އެޖަހާލީ ބީރައްޓެހި ކަމުގެ ބޯފާރެކެވެ. ނުދަންނަ ދެމީހުން ފަދައިން ހަރަކާތްތައް ބަހައްޓަމުން ދިޔައިރު ދެމީހުންގެ ހިތުގައިވެސް ހިނގަމުންދިޔައީ އެއް އިޙްސާސެއްކަމެއް ނޭނގެއެވެ.
އެނދުގައި އޮވެ ޝަބާ ކިރިޔާ ތެޅިލިޔަސް ނާއިލު ދެލޯ މަރާލައެވެ. އޭނާ ހޭލާ އޮތްކަން އަންގަން ބޭނުންނުވާ ކަހަލައެވެ. ހަމައެގޮތަށް ޝަބާވެސް ޚިޔާލުތަކުގެތެރޭގައި ހަރަކާތެއް ގެންނަންވެސް ބޭނުންނުވެފައި އޮތް ހެން އޮތެވެ. އަނދިރީގެ ތެރެއަށް ނަޒަރު ދޫކޮއްލައިގެންނެވެ. އެތަށް އިރަކު ދެމީހުން އެހެން ތިއްބެވެ. މަޑުމަޑުން މެރެމުންދިޔަ ޝަބާގެ ދެލޯ ހުޅުވުނީ މިރޭވެސް ފޯނު ރިންގުވާން ފެށި އަޑަށެވެ. ކައްޓެހެން އެނދުން ތެދުވުމާއިއެކު ފޯނު ނަގާ އޭގެ ރިންގު ކަނޑާލައިފިއެވެ. އަދި ނާއިލުއަށް ބަލާލެވުނީ ކަންބޮޑުވެފައިވާ ގޮތަކަށެވެ. ނުނިދިފައި އޮތެއްކަމަކު ނާއިލުގެ ދެލޯ އޭނާ އޮތީ މަރާލައިގެންނެވެ.
“ހެލޯ…” މަޑުމަޑުން އެނދުން ތެދުވެ ކޮޓަރީގެ ދޮރު ކައިރީ ހުއްޓިލަމުން ސިއްރު ސިއްރުން ޝަބާ ބުނެލިއެވެ. އޭނާއަށް ގުޅަނީ ކާކުތޯ ބަލަން ބޭނުންވީއެވެ. އަދި އެމީހަކު ގާތު ދެން ނުގުޅުމަށް ބުނަންވެސް ޝަބާ ބޭނުންވިއެވެ. ލޯބިން ކުރެވުނު ކައިވެންޏަކަށް ނުވިޔަސް ޝަބާއަށް މިހާރު އޭނާގެ ކައިވެނި ރޫޅޭކަށް ނޭދެވެއެވެ. އެއަށްވުރެ އޭނާ މިކައިވެނީގައި ދެމިހުރުމަށް މަސައްކަތް ކުރަން ބޭނުމެވެ. އެއީ އޭނާގެ ޒަމީރު އެދޭގޮތެވެ. އެންމެ ރަނގަޅު ގޮތްވެސް މެއެވެ. އެއާއިއެކު ސިކުނޑީގެ ކަނަކުން ރާޢިދުގެ ނަން އިވުނެވެ. ގުޅަނީ ރާޢިދުއަށް ވެއްޖެނަމަ ޝަބާގެ ހިތަށްވާނެ ގޮތަކާއިމެދު ޚުދު އޭނައަށް ވިސްނާލެވުނެވެ. ހިންދިރުވާލެވުމާއިއެކު އަނެއްކާވެސް ސިއްރުން ހެލޯ އޭ ޝަބާ ބުނެލައިފިއެވެ.
“އަދި ކިރިޔާތަ ފޯނު ތިނެގުނީ، ތިހާ ސިއްރުން ވާހަކަ ތިދައްކަނީ ކީއްވެތަ” ފޯނުން އިވިގެން ދިޔައީ ފިރިހެން އަޑެކެވެ. މީގެ ކުރިން ޝަބާއަށް އަޑުއިވިފައިނުވާ އަޑެއްކަމަކު އޭނާގެ ހިތް އެއީ ރާޢިދު ނޫން ކަމަކަށް އެއްބަހެއްނުވިއެވެ. ގިނަ ދުވަސްތަކަކަށްފަހު ދިމާވުމުން އަޑު ބަދަލުވުންވެސް އެކަށީގެން ވާކަމަށް ޝަބާއަށް ވިސްނުނެވެ. ވާހަކަ ދެއްކުމުގައި ހުރި ގާތްކަން ޝަބާއަށް ފާހަގަ ކުރެވުނެވެ. އެހެންވެ ޔަގީން ކުރެވުނީ އެއީ ޝަބާ ދަންނަ ފަރާތެއްކަމެވެ. އެއީ ކާކު ތޯ އޮޅުން ފިލުވުމަށް އެމީހަކާ އިތުރަށް ވާހަކަ ދައްކަން ޝަބާ ބޭނުންވިއެވެ. ނަމަވެސް އޭނާއަށް ބަލާލެވުނީ އެނދުގައި އޮތް ނާއިލުއަށެވެ. އެގަޑީގައި ފޯނުން ވާހަކަދައްކަން ހުއްޓާ ނާއިލުއަށް ހޭލެވިއްޖެނަމަ ކަންތައްތައް އިތުރަށް ގޯހުން ގޯހަށް ގޮސްދާނެއޭ ހިތަށް އެރީއެވެ. އެހެންވެ އެންމެ ރަނގަޅު ގޮތް ކަމުގައި ފެނުނީ ކޮޓަރިން ބޭރަށް ނުކުމެ ހުރެ ވާހަކަ ދެއްކުމަށެވެ.
މަޑުމަޑުން ކޮޓަރީގެ ދޮރު ހުޅުވާލާފައި ބޭރަށް ނުކުން ޝަބާއަށް ނާއިލު ބަލަހައްޓައިގެން އޮތެވެ. ކުރިން ރޭގައި އޭނާ މާބޮޑު މާނައެއް ނެތި ބުނެލި އެއްޗެއް ހަނދާނަށް އައީ އެވަގުތުއެވެ. ޝަބާ ގާތު ފޯނަށް ޖަވާބު ނުދިނީ އޭނާ ހޭލާ އޮތުމުން ތޯ ސުވާލު ކުރުމުން އެކަމަށް ޝަބާވަނީ އިންކާރު ކޮއްފައެވެ. އެހެންނަމަވެސް މިރޭ މިފެނުނީ ޝަބާ “މުހިންމު” ނޫނޭ ބުނި ކޯލަށް ޖަވާބު ދިނުމަށްޓަކައި ކޮޓަރިން ބޭރަށް ނުކުން މަންޒަރެވެ. ފުންނޭވާއަކާއިއެކު ނާއިލުއަށް މަރާލެވުނު ދެލޯ ބާރުކޮއްލެވުނެވެ. ދުވަހަކުވެސް އެދެލޯ ހުޅުވަން ބޭނުން ނުވާފަދަ ގޮތަކަށެވެ. ޝަބާގެ ހަޤީޤަތް މިފެންނަނީ އަދިކިރިޔާއޭ ނާއިލުގެ ހިތަށް އެރިއެވެ. އޭނާ ޝަބާ އާއިމެދު ދެކެމުން އައި ގޮތް ބަދަލުވެއްޖެއެވެ. ރަނގަޅު އަޙްލާގާއި ލާފައި ހުންނަ ބޮޑު ހެދުމަކީ ދެއްކުން ތެރި ކަމުގައި ހީކުރެވެން ފެށުނެވެ. ހަޤީޤަތް ކަމުގައި ޤަބޫލު ކުރެވުނީ، ޝަބާއަކީވެސް އެހެން އަންހެން ކުދިން ފަދައިން އަމިއްލަ އެދުން އިސްކުރާ މީހެއްކަމެވެ. އެންމެ ބޮޑަށް އަސަރު ކުރިކަމަކަށްވީ އަމިއްލަ ލޭ ހިޔާނާތްތެރިވާން މަސައްކަތް ކުރާކަން އެނގުމުންނެވެ. ނާއިލުގެ ހުރިހާ އުފާތަކެއް ގެއްލިގެން ދިއުމާއިއެކުވެސް އޭނާވަނީ ނަވާލަށް މާފުކޮއްފައެވެ. ހަމައެގޮތަށް ނަވާލުގެ އެތަށް ކަމަކަށް އޭނާ މާފުކުރިއެވެ. ހަމައެކަނި ހުރި ކޮއްކޮއަށް ވީމައެވެ. އެއް ރަޙިމުގައި ދެމީހުން ނުވަމަސްދުވަހު ހޭދަކުރިއިރު އޭނާގެ މައިންބަފައިންވެސް ނާއިލުގެ ފަރާތުން އެދޭނީ އެފަދަ ކަމަކަށްކަން ޔަގީނެވެ. އެއްބަނޑު އެއްބަފާ ކޮއްކޮގެ މައްޗަށް ހަސަދަލުމަކީ ޚުދު އޭނާއަށްވެސް ހަމަޖެހުމެއް ލިބޭނޭ ކަމެއްނޫނެވެ. ވިސްނި ވަރަކަށް ނާއިލުގެ ހިތަށް ލިބެމުންދިޔަ ވޭން އިތުރުވަމުންދިޔައެވެ.
“ތީ ކާކު” ޝަބާ ކޮޓަރީގެ ބޭރު ފާރުގައި ޖެހިލައިގެން ހުރެ އަހާލިއެވެ.
“އަހަންނަށް އެނގޭ ޝަބާ އަހަރެންދެކެކަން ލައިކްވަނީ، އަހަރެން މަތިންކަން އަބަދު ހަނދާން ކުރަނީ، ނޫންތަ” ޒުވާނާ ބުނެލީ ޔަގީން ކަމާއިއެކުއެވެ.
“ރާ… ރާޢިދު… ރާޢިދުތަ…” ކުއްލި ސިހުމެއް ލިބުނު ޝަބާގެ ދޫ ހަރަކާތްކުރީ އުނދަގުލުންނެވެ.
“އެވެސް ބިޓެއްތަ، އެހެންވިޔަސް އަހަންނަށް އޯކޭ” ޒުވާނާ ސަމާސާ ކޮއްލި ކަހަލައެވެ. ދެންވެސް އިތުރަށް ޝަބާއަށް ލިބުނީ ހައިރާންކަމެވެ.
“ތީ ކާކު، ތީ ރާޢިދެއްނޫން، ދެން ތީ ކާކު… ކީއްކުރަން މިގަޑީގަ މަށަށް ގުޅަނީ” ޝަބާގެ މޫޑު ބަދަލުވެ އެކަން އަޑުންވެސް ފާޅުވެގެން ދިޔައެވެ.
“ހިތްއެދޭ މީހުންނަށް ގުޅަން މިއަށްވުރެ ރަނގަޅު ގަޑިއެއް ކޮބާ” ހީނލާފައި ޒުވާނާ ބުނެލިއެވެ. އޭނާއަށް ޝަބާގެ އަޑުގައިވި ހިތްހަމަ ނުޖެހުން ފާހަގަ ނުކުރެވޭ ކަހަލައެވެ.
“ތީ ކާކުކަން ނުބުނަންޏާ ފޯނު ކަނޑާލަނީ” ޝަބާ ބުނެލިއެވެ.
“އިހަށް މަޑުކޮއްބަލަ، އަހަރެން ނޫޅެމޭ ކާކުކަން ނުބުނާކަށް، އެހެންނޫނަސް މަ ބުނިންތަ މަމީ ރާޢިދު އޭ… ޝަބާ އަމިއްލައަށް ތިއުޅުނީ އަހަރެން ރާޢިދަށް ހަދަން” ފޯނުން ވާހަކަދެއްކި ޒުވާނާގެ އަޑުގައި ސީރިއަސްކަން އެކުލެވިގެންދިޔައެވެ.
“ހެޔޮ، މަށެއް ނޫޅެން ވާހަކަދައްކާކަށް، މިގަޑީގަ މީހުންގެ އަނބިންނަށް ގުޅާނެކަމެއްނެތް” ޝަބާ ގަދަކޮއްލާފައި ބުނެލިއެވެ.
“ބަލަ އަހަންނަށް ތީ މީހެއްގެ އަންބެއްކަން އެނގި ހުރެޔޭ މިގުޅަނީ، އެއީ މައްސަލައެއް ނޫނޭ، ޝާބާ އޯކޭ ވަންޏާ އެކަމުގަ މައްސަލައެއް ނޯންނާނެ އެންނު، ޝަބާ ބޭނުމިއްޔާ އަހަރެން ރާޢިދުއަށްވެގެންވެސް ވާހަކަ ދައްކަ ފާނަމޭ، އޭރުން ފޯނު ނުބާއްވާނަން ދޯ” ޒުވާނާ މަސައްކަތް ކުރަނީ ޝަބާ ފޯނު ބޭއްވިއަ ނުދިނުމަށެވެ. އެއީ ކޮންމެ މީހަކަށްވިޔަސް އެމީހެއްގެ ނިޔަތް ރަނގަޅުނޫންކަން ޝަބާއަށް ވިސްނުނެވެ.
“ހާދަ ގޮތެއްވެސް ނެތް މީހެކޭ ތީ، ކަލޭ ހީކުރާކަހަލަ މީހެއްނޫން އަހަންނަކީ، ދެން މަށަށް ނުގުޅާތި، ކަލެ އާއި ހެދި މަށަށް އުނދަގޫވޭ… ވަރަށް ބޮޑަށް އުނދަގޫވޭ…” ޝަބާ ވީ ފޫހިން ބުނެލިއެވެ.
“ނޫން، ފޯނު ކަނޑާނުލައްޗޭ… އަހަރެން މީ ކާކުކަން ޝަބާއަށް އެނގުނީމަ ތިހެން ފޯނު ކަނޑާލާކަށް ނޫޅޭނެ” އެޒުވާނާ ކެތްތެރިކަން ކުޑަގޮތަކަށް ބުނެލިއެވެ.
“އެހެންވީރު ދެން ބުނަންވީނު ތީކާކުކަން” ޝަބާ ރުޅިއާއިއެކު ބުނެލިއެވެ.
“އަހަރެން ޝަބާ އާއި ގާތްވެލީމަވެސް ދުވެ ފިލީ، އެހެންވިޔަސް ޝަބާ ބަލަން ހުރި ގޮތުން އަހަންނަށް އެނގޭ ޝަބާވެސް ބޭނުންވާކަން، ފިރިމީހާ އިން ހާލުން ޝަބާއަށް ލިބޭ އުފަލެއްނެތްކަންވެސް އަހަންނަށް އެނގޭ، އަހަރެން ޝަބާއަށް އުނިވެފައިވާ އުފާތަށް ހޯދަދޭނަން، އަހަރެންގެ މިބާރުގަދަ ދެއަތުގެ ތެރެއަށް އެއްފަހަރުވެސް ވަންނަމަ ދެން ދުރަށްދާކަށް ބޭނުމެއްނުވާނެ، އަހަންނަށް އެކަން ޔަގީންވޭ، މީހަކާ އިނދެގެން ތިއުޅެނީ ނަމެއްގަ އެންނު، ޝަބާ ވަރިވާކަށް އަހަރެން ނުބުނާނަމޭ، ތިހެން މުޅި އުމުރު ހުއްޓަސް ޝަކުވާއެއްނެތް، އެކަމަކު…” އެ ޒުވާނާ އަކީ ކާކުކަން ޝަބާއަށް އެނގުނެވެ.
“ނަވާލް…” ހުރިތަނަށް ގަޑުވެފައި ހުރި ޝަބާއަށް މިހެން ބުނެލެވުނީ ނަވާލުގެ ވާހަކަ ނުނިމެނިސްއެވެ.
“އެނގިއްޖެ ދޯ، އާދެބަލަ މިރޫމަށް ވާހަކަ ދައްކާލާފަ ދާން” ނަވާލު ބުނެލިއެވެ. ޝަބާއަށް އޭނާގެ ބަނޑުގައި އެއްއަތުން ހިފަހައްޓާލެވުނެވެ. އޭނާ މޭނުބައި ކުރީއެވެ. ނަވާލު އެދެއްކީވެސް އެފަދަ ވާހަކައެއްވިއްޔާއެވެ. އެހެންނަމަވެސް ނަވާލުގެ ސަމާލުކަން އޭނާއަށް ހުއްޓެންވީ ސަބަބެއް ޝަބާގެ ވިސްނުމަކަށް ނައެވެ. އޭނާއަށް ވަގުތުން ފޯނު ކަނޑާލެވުމާއިއެކު ބަނޑުގައި ހިފަހައްޓާލައިގެން ގުދަށް އޮތެވެ. ދެން ތެދުވެ ދެކޮޅަށް ހިނގަން ފެށިއެވެ. ނަވާލު އެދެއްކީ ކިހާ ހަޑިމުޑުދާރު ވާހަކަ ހެއްޔެވެ.
“ކީއްވެތަ ބެލީ… ކީކޭ ހިތަށް އަރައިގެންތަ ބެލީ… އޭނަ ރީތި އެކަމަކު އަހަރެން ބެލީ އޭނާ އެހީކުރާ ފަދަ ނަޒަރަކުން ނޫން، އެއީ ނާއިލުގެ ކޮއްކޮއޭ، ކީއްވެތަ އޭނައަށް ނުވިސްނުނީ އަހަރެން މީ ފަހަރިކަން، މީ ހުއްދަ ގުޅުމެއް ނޫންކަން… މީ އަހަރެންގެ ކުއްތަ… އާން ދެން އެހެން ކާކުގެ… އެކަމަކު އަހަންނަށް ކުރިން ނޭނގުނީމަ މިހެން މިވީ، އެނގިގެން ނުބައި މެސެޖެއް ނުދޭނަން، ދެން ކިހިނެއް ހަދާނީ، އޭނާގެ ވިސްނުން ބަދަލު ކުރަން ޖެހޭނެ… ނާއިލު މިހާރުވެސް އެހުރީ ޝައްކެއްގެ މަތީކަންނޭނގެ… އޯ ގޯޑް… އޯ ގޯޑް… ކިހިނެއްތަ ދެން ހަދާނީ، އަހަރެން ހީކުރީ މިހެން ހުރީމަ އެފަދަ ބެލުންތަކުން ސަލާމަތް ވެވޭނެކަމަށް، ގޮތެއް ނިންމާ ޝަބާ… ގޮތެއް ނިންމާ…” ޝަބާގެ ޒަމިރާ އޭނާ ވާހަކަ ދައްކަމުންދިޔައީ އަދިވެސް ޝޮކުގައި ހުރެއެވެ. ނަވާލު އޭނާ އާއި އެފަދަ ގޮތަކަށް ވާހަކަދައްކަ ފާނެކަމަށް އެއްފަހަރުވެސް ހީކުރެވިފައި ނުވާތީވެ، ޝަބާއަށް ވިސްނަންވީ ގޮތެއްވެސް ނޭނގެއެވެ. ސަމާސާއެއް ކުރާނަމަ އެއީ ވިހަވެދާނެ ސަމާސާއެކެވެ. ފޯނު ނުނެގުނު ނަމައޭ މިހާރު ޝަބާގެ ހިތަށް އަރަންފެށިއެވެ. ނަވާލާއިމެދު ދެކޭ ގޮތް މުޅިން ބަދަލުވެއްޖެއެވެ. ނަވާލު އާއި ކުރިމަތިލާން އެއްގޮތަކަށްވެސް ޝަބާ ބޭނުމެއްނުވެއެވެ. އޭނާއަށް ނުފެންނަ ހިސާބުގައި އުޅެވޭނެ ގޮތެއް ވާނެނަމައޭ ޝަބާގެ ހިތަށް އެރިއެވެ.
ނަވާލުގެ ފޯނު ކޯލު ކެނޑުމުން އޭނާ ފޯނަށް ބަލާލިއެވެ. އަދި ޝަބާގެ ފޯނަށް ގުޅޭތޯ މަސައްކަތް ފެށިއެވެ. ދެތިން ފަހަރު ރިންގުވެފައި ދެން އޮތީ ޝަބާގެ ފޯނު ނިވިފައެވެ. ޝަބާ ގަސްދުގައި ފޯނު ނިއްވާލީކަން ނަވާލަށް އެނގުނެވެ. ޝަބާ އެހެން ހެދުމުން އޭނާ ހިތްހަމަ ނުޖެހުނެވެ. ޝަބާ އާއި ދިމާލަށް ކުދިކިޔަމުން ފޯނު ހިފައިގެން އޭނާ ނުކުތީ ބެލްކަންޏަށެވެ. އަދި ބެލްކަނީގެ ފާރުބުރި މަތީގައި އިށީނދެލައިގެން އިނދެ ފޯނުގައި ހުރި ފޮޓޯތަކަށް ބަލަންފެށިއެވެ. ބަދިގޭގައި އާއި ގޭތެރޭގެ އެހެން ކަންކަމުގައި ޝަބާ އުޅެނިކޮށް ނަގާފައި ހުރި ފޮޓޯތައް އެފޯނުގައި ހުއްޓެވެ. އެއްމިޔަ ކަނިން ހިނިތުންވެލައިގެން އިނދެ ނަވާލު ފޮޓޯތައް ބަލަމުން ދިޔައެވެ.
ފަތިސް ނަމާދުގެ ބަންގި ގޮވާ އަޑު އެނދުގައި އޮތް ނާއިލުއަށް އިވެމުންދިޔައެވެ. އެހެންވެ ގަޑިން ވީއިރު އަންދާޒާކޮއްލަން ނާއިލުއަށް އެނގުނެވެ. ވިސްނުމަށް ގެއްލިފައި ސިޓިން ރޫމުގައި އިން ޝަބާ ތެދުވެގެން އައިސް ކޮޓަރިއަށް ވަނުމަށް ދޮރު ހުޅުވާލުމާއިއެކު ނާއިލު ދިޔައީ ސިއްސައިގެންނެވެ. އެހެންނަމަވެސް އޭނާ އަވަސް އަވަހަށް ދެލޯ މަރާލައިފިއެވެ. ނާއިލުގެ އެއްވެސް ކަމެއް ޝަބާއަށް ފާހަގަވި ހެނެއް ހިޔެއްނުވެއެވެ. ނާއިލުއަށް އެއްވެސް ސަމާލުކަމެއް ނުދީ ޝަބާ އޭނާގެ ފޯނު ފޮތް ހަރުގަނޑު މަތީ ބާއްވާލާފައި އަލަމާރިން ނެގި ހެދުމާ ބުރުގާ ހިފައިގެން އޭނާ ވަނީ ފާޚާނާއަށެވެ. ޝަބާގެ ހަރަކާތްތައް ހުރިގޮތް ފެނި ނާއިލުގެ ހިތަށް ތޫނު ތަދެއް އިޙްސާސް ކުރެވިގެން ދިޔައެވެ. އޭގެ އިތުރުން އެހިތުގައި ފޫހިކަމެއްވެސް އެކުލެވިގެން ދިޔައެވެ.
“އެވަރަށް ފާފަ ކުރެވޭތީތަ ނަމާދަށް ތިއަރަނީ” ކޮޓަރި ތެރޭގައި ނަމާދަށް އަރާހުރި ޝަބާއަށް ބަލަން އޮތް ނާއިލު ހިތާ ހިތުން ބުނެލިއެވެ. މޫނުމަތިން ޝަބާ އާއިމެދު ހިތްހަމަ ނުޖެހިފައި ވާވަރު ފާޅުވޭވޭ ހުއްޓެވެ.
އާދުވަހަކަށް އިރު އެރިއިރު ދެމަފިރިންގެ މެދުގައި ކުރީގައި ހުރި ވަރަށްވުރެވެސް ބޯ ފާރެއްވަނީ ލެވިފައެވެ. ނަވާލުގެ ހަރަކާތްތަކާއިމެދު ޝަބާ ހުރީ ބިރުގެންފައެވެ. ހަޤީގަތް އެނގުމުން އޭނާގެ ކުދި ކުދި ސަމާސާތަކުގެ މާނަވެސް ދެނެގަންނަން ޝަބާއަށް އެނގިއްޖެއެވެ. ކުރިއަށްވުރެ އެތަށްގޮތަކުން ޝަބާގެ ލޯ ހުޅުވިގެން ހިނގައްޖެއެވެ. ނާއިލުގެ މޫޑު ހުންނަ ގޮތްވެސް އޭނާއަށް ފާހަގަވިއެވެ. ހަމަ އެގޮތަށް ނީލްގެ ނަޒަރު ނަވާލު އާއި ވަކިނުވާކަންވެސް ފާހަގަވިއެވެ. ނަވާލުގެ ސަބަބުން ނީލްގެ ސަމާލުކަން ޝަބާއަށް ހުއްޓިދާނެތީވެސް އޭނާ ހުރީ ނުހަނު ކަންބޮޑުވެފައެވެ. ގޭތެރޭގައި މީހަކު ފެންނަން ނުހުންނަ ހިސާބުގައި ޝަބާ އެކަނިވާން ޖެހިލުންވެއެވެ. އެހެންވެ އަބަދުވެސް ހުރެވެނީ ކޮންމެވެސް މީހަކު ފެންނަ ހިސާބުގައެވެ. ލީލާ އާއި ކުރިއަށްވުރެވެސް ގާތްވެވުނީ އެހެންވެއެވެ.
ރަޒިއްޔާ ތެޔޮދަމާ ދީފައި ދިއުމުން ތެޔޮ ފުޅި ހިފައިގެން ޝަބާ ދިޔައީ ބަދިގެ ފަރާތު ކަނބަޑުގައި އޭތި ބެހެއްޓުމަށެވެ. އެތަނަށް ވަދެވަދެ ހުއްޓާ ފަހަތުގައި ނަވާލު ވިއްދާފައި ހުރިތަން ފެނުމުން ޝަބާ ދިޔައީ ސިއްސައިގެންނެވެ. ލާނެތް ގޮތަކަށް ނަވާލު ހޭންފެށިތަން ފެނިފައި ޝަބާ މޫނު ހަދާލާފައި އަވަހަށް އެތަނުން ދުރަށް ހިނގައިގަތެވެ. އަދި ނިކަން ބާރަށް ގޭގެ ބިއްދޮށު ފަރާތުގައި އުޅުނު ލީލާއަށް ގޮވާލިއެވެ.
“ރޯވީތަ..” ނީލް ގޭތެރެއަށް ވަންނަމުން ބުނެލިއެވެ. ރަކި ހިނިތުންވުމެއް ނީލްއަށް ދެމުން ޝަބާ ދެފަަރާތަށް ބޯހޫރާލިއެވެ. ލީލާއަށް ގޮވާލެވުނީ މާ ބާރަށްކަން އެނގުނީވެސް ދެނެވެ.
“ބޭބެ ދަނީތަ” ޝަބާއަށް އަހާލެވުނެވެ. ނީލް ފެންނަން ހުރުމުންވެސް އޭނާއަށް ކޮންމެވެސް ވަރެއްގެ ހިތްހަމަ ޖެހުމެއްލިބޭ ކަހަލައެވެ.
“މިދަނީ ހަލީމް ބުނެގެން، އެގޭ ކުއްޖެއްގެ ސައިކަލުގަ މިއަދު މިއުޅެނީ، އިރުއޮއްސުމުގެ ކުރިން އޭތި ހަވާލު ކުރަން ވާނެ އެންނު، އަންނާނަން ލަހެއްނުވެ، ކަމެއް ބޭނުންވެއްޖެޔާ ފޯނަށް ގުޅާލާ… ” ބޭރު ދޮރާދިމާލަށް ދިޔަ ނީލް ބުނެލިއެވެ.
ނީލް ނުކުމެގެން ދިޔަތަން ބަލަން ހުރި ޝަބާގެ ގައިގާ ލީލާ އަތްޖައްސާލަމުން ގޮވާލިއެވެ. އެއާއިއެކު އަވަސް އަވަހަށް ޝަބާ ކޮންމެވެސް ވާހަކައެއް ހަދާލަމުން ލީލާ ގޮވައިގެން ބަދިގެ ތެރެއަށް ދެމިގަތެވެ. އެވަރުންވެސް ނަވާލު، ޝަބާގެ ފަހަތުން ދުރަކަށް ނުދިޔައެވެ.
“ޝަބާ، މާދަމާ މިއުޅެނީ ދިވެހި ކެއުމެއް ހަދާލަން ކަމަށް، މިރަށުގަ ބަބުކެޔޮ ވަރަށް ގިނަ، ގަންނަން ލިބޭ ތޯ ބަލާލަން ދަމާ، އަލަވެސް ލިބިދާނެ ދަނޑުވެރި ރަށެއްނު… މީރު ލޮނުމިރުސް ގަނޑެއް ހަދާލެވޭނީވެސް ބައެއް އެއްޗެހި ގަނެގެން” ލީލާ، ޝަބާއަށް ބުނެލިއެވެ.
“ވަރަށް ރަނގަޅު ޚިޔާލެއްތީ، މާދަން މީ ހުކުރު ދުވަސް، އެކަހަލަ ޚާއްޞަ ކެއުމެއް ބާއްވާލަން ރަނގަޅު ދުވަހެއް، އެކަމަކު ނީލްބެއަށާ ދެން މިއުޅޭ މީހުންނަށް ކަމުދާނެތަ” ތެޔޮފުޅި ކަބަޑަށް ލުމަށްފަހު އަތްދޮންނަން ސިންކު ދޮށުގައި ހުރި ޝަބާ ބުނެލިއެވެ.
“ކީއްވެތަ ކަމުނުދާނީ، މިހާރު ޝަބާ ކައްކަން ފެށިފަހުން ކާއެއްޗެހީގެ ރަހަވެސް ބަދަލުވެ މާ މީރުހެން ހީވަނީ، އެހެންވީމަ ނުކައެއް ނުހުރެވޭނެ އެންނު” ކާމޭޒު ދޮށުން ގޮނޑިއެއް ނެރެގެން އޭގެ ދެފަރާތަށް ފައިވައްޓާލައިގެން އިން ނަވާލު ގޮނޑީގެ ލެނގޭ ބައިގައި ދެއަތް އަޅުވާލާފައި ބުނެލިއެވެ. ނަވާލަށް ބަލާލީ ލީލާވެސް ހިނިތުންވެލިގޮތުން ހީވީ އޭނާވެސް ނަވާލު ބުނި އެއްޗަކަށް އެއްބަސްވީ ހެންނެވެ.
“ލީލާ، މީކާއަކަށް ނުކެވޭނެއެންނު” ޝަބާ ގަސްދުގައި ނަވާލުގެ ވާހަކައަށް ސަމާލުކަމެއް ނުދީ ލީލާ އާއި ވާހަކަދެއްކިއެވެ.
“މީކާ… އޭނަ ތަންކޮޅެއް ކުރިންވެސް ދިވެހި ކެއުން ކޭ، ވަރަށް މީރު ވެގެން އުޅެނީ، އޭނައަކީ އާމުކޮށް ކުޅިކޮށް ކާ މީހެންނު، އެހެންވީމަ މާދަމާގެ ކެއުން ފައިނަލް ދޯ” ލީލާ ހީނލާފައި ބުނެލިއެވެ.
ފަތްޖެހި އެނދުގައި އޮތް ނާއިލުގެ އެދުމަށް މީކާ އޭނާ އުފުލާލައިގެން ގެނެސް ސިޓިން ރޫމުގައި ހުރި ފުރޮޅުލީ ގޮނޑީގައި ބޭންދިއެވެ. އަދިވެސް ނާއިލުގެ މޫނުމަތި ފެންނަނީ އުދާސްވެފައި ހުންނަތަނެވެ. ފިކުރެއްގައި ބަނދެވިފައި ހުރި މީހެކޭ އޭނާއެކޭ ތަފާތެއްނެތެވެ. ހަޔާތުގެ ހުޅުކޮޅު ރޯވުމުގެ ކުރިން ކަނިވެ ނިވެންފަށައިފިއެވެ. އުންމީދު ގެއްލި ކުރީގެ ހާލަތަށް ނާއިލު އެނބުރި ދަނީއެވެ. އޭނާގެ ހަޔާތަށް ޝަބާއަކީ ޖެހިލި ފިނިފިނި ވައިރޯޅިއަކަށް ވެ ނިމެނީއެވެ. ވައި އަތުގެ ތެރޭގައި ހިފަހައްޓާލާނެހާ ކުޅަދާނަކަމެއް ނާއިލުގެ ނެތެވެ. އޭނާއަށް ނުވިސްނޭ ކަމަކީ ވައި ކޮންޓްރޯލު ކުރުމަކީ އެއްވެސް އިންސާނަކަށް ވާނެކަމެއްނޫން ކެމެވެ. ކޮންމެ ކަމަކަށް ކުޅަދުންވަންތަ ފަރާތެއް ވާކަން އޭނާ އެވަނީ ހަނދާންނައްތާލާފަ ކަހަލައެވެ. އިންސާނާ އިމްތިހާން ކުރަނީވެސް އެފަރާތުންނެވެ. ކެތްތެރިވާ މީހާއަށް އޭނާގެ ކެތްތެރިކަމުގެ އަގުދެއްވަނީ ކިހާ ފޮނިކޮށްކަން ނާއިލުއަށް އިޙްސާސްވެސް ނުކުރެވެއެވެ. ހަޔާތުގައި އެއްފަހަރު އޭނާ ނާއުންމީދު ވެއްޖެއެވެ. ކެތްތެރިވީ މުޅި އުމުރުގަވެސް ވެވުނު ލޯބި އޭނާއަށް ލިބޭނެ ކަމަށެވެ. ނަމަވެސް އޭނާއަށް އެކަން ކާމިޔާބެއްނުވިއެވެ. ދެވަނަ ފަހަރަށް އޭނާގެ ޒަމީރު ބަލައިގަތް އަންހެން ކުއްޖަކީވެސް އޭނާގެ މިލްކެއްކަމުގައި ނުވާނެކަން ނާއިލުއަށް ދަނީ ޔަގީން ކުރެވެމުންނެވެ. ލޮލަށް ފެންނަ ކޮންމެ ކަމަކީ ކަންއޮތްގޮތަށް ނުވެދާނެކަމާއި ނޫނީ އެއީ ހަޤީޤަތް ކަމުގައި ނުވެދާނެއޭ އެއްފަހަރުވެސް ނާއިލުގެ ހިތަކަށް ނާރައެވެ. ޝަބާ އާއިމެދު އެހާ ބޮޑު ވަހުމެއް އެކުރަނީ އެހެންވެއެވެ.
“ހާލު ރަނގަޅުތަ، ބަލީތަ” ނާއިލުގެ ގާތުގައި ގިނަވަގުތު ހޭދަކުރާ މީކާއަށް އަހާލެވުނެވެ. ނާއިލު މަޑުމަޑުން ދެފަރާތަށް ބޯ ހަރަކާތްކޮއްލީ ނޫނެކޭ ބުނުމަށެވެ. އެހެންނަމަވެސް މީކާއަށް ނާއިލުއަށް އައިސްފައިވާ ބަދަލު ކޮންމެވެސް ވަރަކަށް ފާހަގަވެގެން ދިޔައެވެ.
“ބޭރަށް ނުކުމެ ނުލާނަންތަ، ހަވީރުގެ ވަގުތެންނު… އަހަރެން ޝަބާއަށް ގޮވަންތަ” މީކާ އަނެއްކާވެސް ވާހަކަދެއްކިއެވެ.
“އަހަރެންގެ ކޮޓަރިއަށް ގެންގޮސްދީ” ނާއިލު މިހެން ބުނެލީ އެއްވެސް ފަރުވާލެއްނެތިއެވެ. ހައިރާންވެފައި ހުރެ މީކާ ނާއިލުގެ އެދުމަށް އޭނާގެ ކޮޓަރި އާއި ދިމާލަށް ފުރޮލުލީ ގޮނޑި ދުއްވާލައިފިއެވެ. އެވަގުތު ބަދިގެ ތެރެއިން ލީލާ އާއި ޝަބާ ނުކުންނަނީއެވެ. އެމީހުންނާއިއެކު ނަވާލު ހުރިތަން ފެނުނީ ބަދިގެ އާއި ނާއިލުގެ ގޮނޑި އަރާ ހަމަވިތަނާއެވެ. އޭނާ ވަރަށްވެސް ފުން ނަޒަރަކުން ހިނިއައިސްފައި ހުރި ނަވާލަށް ބަލާލިއެވެ. އެހިނދު ނަވާލު ކުރިއަށްވުރެވެސް ބޮޑަށް ނާއިލުއަށް ހިނިތުންވެލާފައި ނިތްއަރުވާލިއެވެ.
ތަންމަތީގައި އިތުރު ފޮތިގަނޑެއް އަޅާލާފައި މީކާ ނާއިލު އެނދުގައި ބޭއްވިއެވެ. ނާއިލުއަށް ހަމަޖެހިލެވުމާއިއެކު އޭނާ ދެން އެދުނީ އެކޮޓަރިން މީކާ ދިއުމަށެވެ.
“ނާއިލް، އަހަންނަށް ހާދަ ހީނުވެޔޭ ހުރިހާ ކަމެއް ރަނގަޅުހެން” މީކާ އޭނާ ވާހަކަދައްކާ އިނގިރޭސި ބަހުން ކަންބޮޑުވެފައި ހުރެ އަހާލިއެވެ.
“ކަމެއްނުވޭ، ކުޑަކޮށް ޓަޔަޑްވީމަ ޖައްސާލަން ބޭނުންވީ، ދެން ދޭ މީކާ، އަހަރެން ނިދާލެވޭތޯ މިއުޅެނީ” ނާއިލު މިހެން ބުނެލީ ވަރަށް ހަމަޖެހިލާފައެވެ. މީކާއަށްވެސް އިތުރަށް އެއްޗެއް ބުނާކަށް ނުކެރުނެވެ. އެހެންވެ އޭނާ އެކޮޓަރިން ނުކުމެއްޖެއެވެ.
ލީލާ އާއިއެކު އެއްޗެހި ގަންނަން ދާންވެގެން ޝަބާ އުޅުމުން އެމީހުންގެ ފަހަތުން ނަވާލުވެސް ދާން ބޭނުންވެއްޖެއެވެ. އެހެންވެ އެކަމާ ހިތްހަމަ ނުޖެހުނު ވަރުން ޝަބާއަށް ދަތްކުނޑިވިކާލެވުނެވެ.
“ނަވާލު ދާންވީނު ލީލާ ގޮވައިގެން، އަހަރެން މިދަނީ ކޮޓަރިއަށް، ނާއިލު ގޮވާލާއިރު ނެތިއްޔާ ކަމަކު ނުދާނެއެންނު، ލީލާއަށް އެންމެ ރަނގަޅު ދޯ” ޝަބާ ގަދަކަމުން ހިނިތުންވެލަައިގެން އިނދެ ބުނެލިއެވެ. ލީލާ އާނއެކޭ ބުނެ ބޯޖަހާލައިފިއެވެ. އެކަމަކު ނަވާލުގެ މޫނުމަތިން ފޫހިކަން ފެނިގެން ދިޔައެވެ.
“މީކާ ހުންނާނެ އެންނު” އެސްފިޔަ ޖަހާލުމެއްނެތި ޝަބާއަށް ބަލަން އިން ނަވާލު ބުނެލިއެވެ.
“މީކާއަށްވުރެ އަނބިމީހާ ކައިރީގައި ހުރިއްޔާތާ ރަނގަޅުވާނީ. ދޯ ލީލާ” ޝަބާ ހީވަނީ ނަވާލާއި ޖަދަލު ކުރަން އުޅޭހެންނެވެ. އެކަން އިޙްސާސް ކުރެވުނީވެސް ހަމައެކަނި ނަވާލަށެވެ.
“އޯކޭވާނެ، އަހަރެން ގޮސް އެއްޗެހި ގަނެލައިގެން އައިސްދާނަން” ލީލާ ބުނެލިއެވެ.
“ނޫނޭ، ލީލާ އެކަނި ދާނެކަމެއްނެތް، ނަވާލު ގޮވައިގެން ދޭ، އޭނާ އެހުރީ ބޭރަށް ނުކުންނަންވެސް ބޭނުންވެފަކަން ޔަގީން، މިރަށު މީހުންގެ ގޮތެއްވެސް ނޭނގޭނެ، އަނެއްކާ ލީލާ ތިހުރީ ހުސްހަށިބަޔަށް” ޝަބާ ގަދަކަމުން ހިނިއައިސްފައި އިނދެ ވާހަކަދެއްކިއެވެ. އަދި ސިޓިން ރޫމު ސޯފާއިން ތެދުވެގެން ޝަބާގެ ކޮޓަރި އާއި ދިމާލަށް އޭނާ ދާން ހިނގައިގަތެވެ. އެވަގުތު ލީލާ، ނަވާލަށް ގޮވާލާފައި ހިނގާށޭ ދާން ބުނިއަޑު ޝަބާއަށް އިވުނެވެ. އެހިނދު ލާނެތް ހިންޏަކާއިއެކު އެހާ އަވަހަށް ފޫހިކަންވެސް ޝަބާގެ މޫނުމައްޗަށް ވެރިވެގެން ދިޔައެވެ.
ކޮޓަރިއަށް ވަންއިރު ނާއިލުއަށް އޮތީ ނިދިފައެވެ. އެހެންވެ ކޮޓަރީގެ ނިދާ ބޮކި ޖައްސާލުމަށްފަހު ޝަބާ އިށީނީ ފޮތް ހަރުގަނޑު ކައިރީއެވެ. ހަރުގަނޑުގައި ހުރި ދެތިން ފޮތް ޝަބާ ބަލާލިއެވެ. ކަމުދާ ގޮތެއްނުވިއެވެ. އެހެންވެ އޭނާ އެރަށަށް އަންނަމުން ގެނައި ވާހަކަފޮތް އަލަމާރި ތެރެއިން ނަގައިގެން އައިސް އެގޮނޑީގައި އިށީނދެއްޖެއެވެ. މާބޮޑަށް ވާހަކައިގެ ތެރެއަށް ވަދެވޭ ގޮތެއް ނުވެއެވެ. އިރުއިރުކޮޅާ ޝަބާގެ ނަޒަރު ހުއްޓެނީ އެނދުގައި އުއްޑުން ނިދާފައި އޮތް ނާއިލުއަށެވެ.
“ﷲ އިރާދަފުޅާ ރަޙުމަތްފުޅުން ނާއިލު ރަނގަޅުވާނެ ނަމަ، އޭރުން ހުރިހާ ކަމެއްވެސް ހަމައަކަށް އެޅިދާނެ…” ޝަބާއަށް ހިތާހިތުން ނާއިލުއަށް ޝިފާ ލިބުމަށް އެދެވެމުންދިޔައެވެ.
ދުވަހެއް ދުވަހަކަށް ނަވާލުގެ އުނދަގޫތައް ޝަބާއަށް ފޯރާލެއް ގިނަވަމުންދިޔައެވެ. މީހެއް ކައިރީ އެވާހަކަ ދައްކަން ޝަބާ ހުރީ ޖެހިލުންވެފައެވެ. އޭނާގެ ވާހަކަ ޤަބޫލު ކުރާނެ މީހަކު ނުހުންނާނެއޭ ހިތަށް އަރާވަރުންނެވެ. އަދި ޢާއިލާގެ ތެރޭގައި ޙައްލުނުކުރެވޭނޭ ފަދަ ބޮޑު މައްސަލަގަނޑެއް ހިލިދާނެތީވެ އެކަމާވެސް ބިރުންނެވެ. ނަވާލުގެ ސަބަބުން ގޭތެރޭގައި މަޖާ އުފާވެރި މާޙައުލެއް އުފެދެމުން އައި ކަމުގައި ވިޔަސް އޭނާއަކީ ޝަބާއަށް ހުރި ނުރައްކަލެއްކަން އެނގެނީ ޚުދު ޝަބާއަށެވެ. ނީލް އާއި ނާއިލަށްވެސް ކުރެވެނީ ހަޤީޤަތް ނޭނގޭ ޝައްކުތަކެކެވެ. ގޭތެރޭގައި ކުރިއަށްވުރެ ބަސްމަދުވެގެން ދިޔައީ ހަމައެކަނި ނާއިލު އެކަންޏެއްނޫނެވެ. ޝަބާވެސް ހުންނަނީ ފޫހިވެފައެވެ. އަނގައިން އެއްޗެއް ބުނާނަމަ ގިނަފަހަރަށް ބުނެވެނީ ނަވާލަށް ޖަދަލު ކުރުމުގެ ގޮތުން ކޮންމެވެސް އެއްޗެކެވެ. އަނެއްކޮޅުން ޝަބާގެ ހިތަށް މިހާރު ތަދުވަނީއެވެ. ނާއިލު އާއިއެއްކޮށް އުޅެން އޭނާ ބޭނުންވެއެވެ. ނަމަވެސް ނާއިލު އެއްގޮތަކަށްވެސް އޭނާ އާއި ވާހަކައެއް ނުދައްކައެވެ. ކަމަކުވެސް ނުބުނެއެވެ. އެހުރިހާ ކަމަކާ ސުވާލު ކުރަން ޝަބާގެ ހިތަށް ކިތަންމެ ފަހަރަކު އަރައެވެ. ނަމަވެސް ފަސްޖެހެވެނީ ކޮން ސަބަބަކާ ހުރެކަމެއް އޭނާއަކަށްވެސް ނޭނގެއެވެ. މަޑުމަޑުން ކައިވެނި ރޫޅެނީކަން ޝަބާއަށް ހީވާންފަށައިފިއެވެ.
ސަމީރާމެން ހަފްތާއެއް ފަހުން އެރަށަށް އަންނަ ކަމުގެ ޚަބަރު ލިބުމުން އެކަންވީ ޝަބާއަށް ލިބުނު ވަރަށް ބޮޑު ނުތަނަސްވަސް ކަމަކަށެވެ. ނަވާލުގެ ސަބަބުން އެމީހުންގެ ކުރިމަތީގައި ޝަބާ ބަދުނާމުވާފަދަ ކަމެއް ހިނގާފާނެތީވެ އިތުރަށް ހާސްވެފައިވެއެވެ. އެހެންނަމަވެސް ނާއިލުގެ ޚިޔާލު ތަފާތެވެ. އޭނާ ބޭނުންވަނީ މައިންބަފައިން އައުމުގެ ކުރިން އެރަށުން ފުރާށެވެ. އިތުރަށް ބޭސް ކުރާހިތްވެސް ވަނީ ކެނޑިފައެވެ. ރަޒިއްޔާބުނާ ގޮތަށް ކަންތައް ކުރަން އޭނާ އެއްވެސް މަސައްކަތެއް ނުކުރެއެވެ. ގިނައިން އޮންނަނީ އެނދުގައެވެ. ކޮޓަރީގެ ހަތަރުފާރުގެ ތެރޭގައި ހައްޔަރުވެފައި އޮންނަން އަމިއްލައަށް ބޭނުންވަނީއެވެ.
ސަމީރާމެންގެ ޚަބަރާއިއެކު ހާސްވި ދެވަނަ މީހަކީ ނަވާލެވެ. މައިންބަފައިންގެ ސަބަބުން އޭނާއަށް މިހާރު ލިބިފައިއެވާ މިނިވަންކަން މުޅިން ގެއްލިގެން ދާނެކަން އެނގުމާއިއެކު ސިކުނޑީގައި ނުބައި ރޭވުންތައްވަނީ ރާވަން ފަށާފައެވެ. އަނެއްކޮޅުން ޝަބާ ފާޅުގައި ދެކޮޅު ހަދާތަން އޭނާއަށް ފެންނާތީ އެކަމާވެސް ވަނީ ހިތްހަމަނުޖެހިފައެވެ. ކޮންމެވެސް ގޮތުން ޝަބާ އޭނާގެ ގާތަށް ގެންނަން ނަވާލު ވަނީ ނުހަނު ބޭނުންވެފައެވެ. ޝައިތާނީ ވަސްވާސްވަތަށް އޭނާގެ ހިތާ ސިކުނޑި ކަޅުކޮއްފިއެވެ. ޢާއިލީ ގުޅުމަކީ ކޮބާކަން އޭނާ ހަނދާންނެތިފައިވާ ކަހަލައެވެ. އަންބަކު ހުރެ އޭނާގެ ޙައްޤުތަށް މަތިން ނަވާލު ވަނީ ހަނދާންނައްތާލާފައެވެ. ދުނިޔޭގައި ހުރިތޯވެސް ބަލާލަން އޭނާ ބޭނުންނުވެއެވެ. މިހާ ބޮޑު ބަދަލުތަކެއް އޭނާއަށް އަންނަންވީ ކީއްވެހެއްޔެވެ.
ރަޒިއްޔާ ދަސްކޮށްދިން ގޮތަށް އޭނާ ކައިރީގައި ހުރެގެން ޝަބާ ނާއިލުގެ ގައިގާ ތެޔޮ ދަމަމުން ދިޔައެވެ. ޝަބާގެ ދިގު ހިނގިލަތަކާއި އަތްތިލާގެ މަޑުކަން ނާއިލުގެ ހަށިގަނޑަށް އިޙްސާސް ކުރެވެމުންދިޔައެވެ. ދެކޮޅު ހަދަން ބޭނުންވިއެއް ކަމަކު ޝަބާގެ އެންމެ ބީހިލުމަކުންވެސް އޭނާ ގަނޑުވި ކަހަލައެވެ. ނުކެރިފައި އިނދެ ތެޔޮދަމަމުން ޝަބާ ދިޔަކަމުގައި ވިޔަސް އޭނާގެ މަސައްކަތް ވަރަށް ފުރިހަމަ ކަމަށް ރަޒިއްޔާ ބުންޏެވެ.
“ދެން ދައްތަ ކޮންމެ ދުވަހަކު ނަޔަސް ރަނގަޅުވާނެހެން ހީވަނީ، ޝަބާއަށް މިކަން ދަސްވެއްޖެ، ހެނދުނު އަރާއިރާއެކު ތެޔޮދަމާ ކަސްރަތުތައް ކުރުވާ، ދެން މެންދުރު ފަހުގަ… ހެނދުނު ގަޑީގަ މޫދަށް އެރުވުމަކީވެސް ވަރަށް ރަނގަޅު ކަމެއް” ރަޒިއްޔާ ފަތްޖެހި އެނދު ކައިރީ ޝަބާއަށް ބަލަންހުރެ ބުންޏެވެ.
އެތަނުގައި ހުރި ނަވާލަށް ބެލެނީ އުޅަންބޮށި ކައްޓާއި ހަމައަށް ހެދުމުގެ އަތްއޮޅާލާފައި ހުރުމުން ހާމަވެފައި ހުރި ޝަބާގެ ދެއަތަށެވެ. މޫނުމައްޗަށް ވައްތަރުތައް ޖައްސަމުން ދިޔައީ ހިތަށް އަރާފައިބަމުން ދިޔަ ޚިޔާލުތަކުންނެވެ.
ނާއިލުގެ ފައިގެ ފަލަމަސްގަނޑުގައި ޝަބާގެ އަތްތިލަ ޖެހޭ ކޮންމެ ފަހަރަކު ހީވަނީ ކަރަންޓު ޝޮކެއް އަންނަހެންނެވެ. މިއީ ކުރިން ނުވާ އާކަމެއްކަން އޭނާއަށް އެނގުނަސް އެކަމުން އުނދަގޫވިއެވެ. ނާރުތަކުގެ އިޙްސާސް ކުރެވުމުގެ ނިޒާމު ހައްދުފަހަނަ އަޅާފާނެހެން އޭނާއަށް ހީވަނީއެވެ. މަތިން ތިރިއަށް ޝަބާގެ އަތް ގެންނައިރު އެދެއަތުގައި ހިފަހައްޓަން ނާއިލު ބޭނުންވެއެވެ. ދުވަހަކުވެސް އެނޫނީ އެފަދަ ގޮތަކަށް އެއްވެސް ހުރަހެއްނެތި އޭނާގެ ގައިގާ އަންހެން ކުއްޖަކު އަތްލާފައެއްނުވެއެވެ. އަދި އެވެސް ހިތުގައި އެމީހަކަށް ޚާއްޞަކަމެއް ދެވިފައިވާ އަންހެން ކުއްޖެވެ. ހިތުގެ ހިތްހަމަނުޖެހުމަށް ލުޔެ ލިބުނީ ޝަބާގެ މޫނު ފެނިފައެވެ. ލަދުންގޮސް ޝާބާ ހަލާކުވަނީއެވެ. ދެކޯތާފަތާ ރަތްވަމުންއައީ ނޭފަތުގެ ކޮޅު ނާއިލަށް ފެނުނެވެ. އެހާ ކުޑަކުޑަ ކަމަކުންވެސް ނާއިލުގެ ހިތަށް ބުނެދޭންނޭނގޭ އަސަރުތަކެއް ކުރިއެވެ. އެތަށް ދުވަހަކަށް ފަހު ހިތަށް ލިބުނު ފިނިކަމާއިއެކު ތުންފަތް ހަރަކާތްކޮއްލީ ޝަބާއަށް ހިނިތުންވެލުމަށެވެ.
“ހާދަ ގަދައޭ ޝަބާ” ނަވާލު މިހެންބުނެ ޝަބާގެ ކޮނޑުގައި ފިރުމާލުމުން ކުޑަކުޑަ ހިނދުކޮޅެއްގެ ތެރޭ އޭނާ ނާއިލުގެ މޫޑު ހަރާބުކޮއްލައިފިއެވެ.
ޖެހިގެން އައިދުވަހެވެ. ފަތިސް ނަމާދަށް ހޭލިގޮތަށް ޝަބާއަށް ނުނިދުނެވެ. އެހެންވެ އޭނާ އުޅުނީ ކޮޓަރިން ބޭރަށް ނުކުންނާށެވެ. އެވަގުތު ނާއިލުގެ އަޑުއިވުނެވެ. އޭނާ ހޭލާ އޮތްކަން ޝަބާއަށް އެނގުނީވެސް އަދިކިރިޔާއެވެ.
“އަހަރެން ބޭނުންވަނީ މާލެ ދާން” ނާއިލު ބުނެލިއެވެ. ހައިރާންވެފައި ޝަބާއަށް ނާއިލަށް ބަލާލެވުނެވެ. ސުވާލުން ސިކުނޑި ފުރިގެން ދިޔައެވެ. އަވަސް ފިޔަވަޅުގައި އައިސް ޝަބާ އެނދުގައި އިށީނދެއްޖެއެވެ.
“ކީއްވެ، އަދި ބޭސްކޮށް ނުނިމެއެންނު” ޝަބާއަށް ބުނެލެވުނެވެ.
“ދެން ބޭސް ކުރާކަށް ބޭނުމެއްނޫން” ނާއިލު ބުންޏެވެ.
“އެހެން ނަހަދާ، ބޭސްކުރަން ފަށާފަ އެއްކޮށް ނިންމާލާފަ ދާންވާނީ، އެންމެންވެސް ވަރަށް އުންމީދު ކޮއްގެން އެތިބީ މިފަހަރު ނާއިލު މިކަން މެދުކަނޑާނުލާނެކަމަށް ހީކޮށް، އަނެއްކާ މަންމަމެންވެސް އެއަންނަނީ، ތިހެން ކަންތައްކޮށްފިއްޔާ އެންމެނަށްވުރެވެސް ބޮޑަށް ދެރަވާނީ ނާއިލުގެ މަންމަ” ޝަބާ ވިސްނާދޭން އުޅޭ މީހަކު ފަދައިން ބުންޏެވެ.
“ޝަބާ ދެރައެއް ނުވާނެތަ” ނާއިލު، ޝަބާއަށް ބަލާލަމުން ބުނެލިއެެވެ.
“އަހަރެން… އަހަރެންވެސް ދެރަވާނެ” ޝަބާއަށް ލިބުނު ކުއްލި ސިހުމާއިއެކު އަޅައަޅައިގަންނަމުން ބުނެލިއެވެ. ފަހަރެއްގަވެސް ނާއިލަށް ޝަބާގެ ހިތުގައިވާ އެއްޗެއް އެނގުން މުހިންމު ވެދާނެކަމަށް ޝަބާއަށް ހީނުކުރެވުނީއެވެ. ނާއިލު އެހެން އަހާލުމުން ޝަބާއަށް ހިތްހަމަޖެހުން ލިބިގެންދިޔައެވެ. އެހެންވެ އިތުރަށް ވާހަކަދައްކަން ބޭނުންވެފައި އިނދެ އަނގަހުޅުވާލީ އެއްޗެއް ބުނާށެވެ.
“އަހަރެން ޝާބާ އާއިއެކު އުޅެން ބޭނުން، އެކަމަކު މަންމަމެން މިކޮޅަށް އައީމަ އެމީހުންނަށް މިކޮޅުގަ ހިނގާ ކަންތައްތަކުގެ މަންޒަރުތައް ފެންނާކަށް ބޭނުމެއްނޫން، ވާހަކައެއް އަހަންތަ… ކުރިން ހުރީ ދުވަހަކުވެސް ނާހާނަމޭ ހިތަށް އަރުވައިގެން އެކަމަކު މިއަދު ހުރިހާ ކަމެއް އެނގެން އަހަރެން ބޭނުން” ނާއިލު ބުންޏެވެ.
ނާއިލުގެ ވާހަކަނިމުނު އިރު ޝަބާއަށް އިނދެވުނީ ދެލޯ މަރާލައިގެންނެވެ. ހިތަށް ވަމުންދިޔަ އުނދަގޫތަކާއިހެދި މޭގައި އަތްއަޅާލަން ބޭނުންވެސް ވިއެވެ. ނަމަވެސް އިސްޖެހިފައި އިންގޮތަށް އެއްޗެއް ނުބުނެ ޝަބާ އިނީއެވެ. ނާއިލުގެ ސުވާލުތަކަށް ޖަވާބުދޭން ބޭނުންވާކަމެއް އަދި ނޫންކަމެއްވެސް ނުބުނެވެ. ދެންވެސް ވާހަކަދެއްކީ ނާއިލުއެވެ.
“އަހަރެން ޝަބާ މިނިވަން ކުރަން އުޅުމުން އެކަމާ ޤަބޫލުނުވީ ކީއްވެ، ގައިމު މިނިވަނެއްގެ ގޮތުގައި ހުރިނަމަ ޝަބާ ބޭނުން މީހަކު ހަޔާތަށް ގެނެވުނީސް، ބޭނުންމީހަކު އިޙްތިޔާރު ކުރުމުގެ މިނިވަންކަން އޮންނާނެ އެންނު، އަހަރެންގެ ހާލު ޝަބާއަށް އެނގުނީ ކައިވެނީގެ ފަހުންކަމަށްވިޔަސް އަހަރެން ޝަބާ މިނިވަންކޮށްދިނީމުސް، އެކަމަކު… އެކަމަކު މިކައިވެންޏާއިމެދު ވިސްނަން އަހަންނަށް މަޖުބޫރުކުރުވީ ހަމަ ޝަބާ”
އިރުކޮޅަކު ނާއިލު ޝަބާއަށް ބަލަން އިނދެފައި އަނެއްކާވެސް ވާހަކަދެއްކިއެވެ.
“ޝަބާގެ ފިރިމީހާ ކޮބާ، ކީއްވެ ކައިވެނި ރޫޅުނީ…” ނާއިލުގެ އަޑުގައި ކުރިން ހުންނަފަދަ ރަޙުމަތްތެރި ގޮތެއްނެތެވެ.
“ނާއިލު، ޕްލީޒް… އަހަރެން އެވާހަކަ ދައްކާކަށް ބޭނުމެއްނޫން، އަހަރެން ނާއިލުގެ މާޒީ އާއި ގުޅިގެން އެއްވެސް ސުވާލެއް ނުކުރަމެންނު، މިހާރު އަހަރެންގެ ފިރިމީހާއަކީ ތީ، ގިނަ ކައިވެނި ތަކެއްކުރުމަކީ އަހަރެން އެއްވެސް އިރެއްގައި ބޭނުންވިގޮތެއް ނޫން، އަހަރެންގެ މަންމަ އާއި ނާއިލުގެ މަންމަގެ ހިތުގައި އަހަރުމެން ދެމީހުންނާއިމެދު ވަނީ ކީކޭ ކަމެއް ނޭނގުނު ކަމުގައި ވިޔަސް، އެމީހުންގެ އުންމީދުތައް ގުޅިފައިވަނީ މިކައިވެންޏާ، އަހަރެންގެ މަންމަ ބޭނުމެއްނުވާނެ ކައިވެނި ރޫޅިގެން އަހަރެން އެނބުރި ގެއަށް އަންނަތަން ދެކޭކަށް… ނާއިލު ކީއްވެތަ އަހަންނާ ވާހަކަ ނުދައްކަނީ، ދެއްކި ފަހަރުވެސް ތިއެދެނީ އަހަރެން އެވާހަކައެއް ދައްކަން ބޭނުންވާ ވާހަކައެއް ކިޔާދިނުމަށް، މާޒީއިން އިބްރަތްލިބިގަންނާށޭ މީހުން ބުނެއުޅޭ، އެކަމަކު އަހަރެންގެ މާޒީއިން ލިބިގަންނަންވީ ކޮންކަހަލަ އިބްރަތެއްކަމެއް ޚުދު އަހަންނަށްވެސް ނޭނގޭ، ޕްލީޒް ނާއިލު، އާދޭސްކޮއްފަ ބުނަން، އެވާހަކަ ހުއްޓާލާ، އަހަރެން… އަހަރެން މީ ނާއިލުގެ އަނބިމީހާ، މިކައިވެންޏަކީ އަހަރުމެން ދެމީހުންގެ ހަޤީޤަތް” ޝަބާ އިސްއުފުލާ ނާއިލުއަށް ބަލާލަމުން ބުނެލިއެވެ. އޭނާގެ ދެލޮލުގައިވި ރިހުން ނާއިލަށް ފާހަގަ ކުރެވުނު ކަމުގައި ވިޔަސް އޭނާ ޝަބާގެ ވާހަކަތައް ޤަބޫލު ކުރާކަށް ބޭނުމެއްނުވިއެވެ. ނާއިލުއަށް ހީވާގޮތުގައި ޝާބާ އޭނާގެ ނުކުޅެދުންތެރިކަމުގެ ފައިދާ ނަގަނީއެވެ. އޭނާގެ ލޮލުގައި ވަރުގަދަ އަނދުނެއް އަޅުވަން ޝަބާ މަސައްކަތް ކުރާހެން ހީވަނީއެވެ.
“އެއްޗެއް ބުނެބަލަ” ނުކެރިފައި އިނދެވެސް ޝަބާ ނާއިލަށް ބުނެލިއެވެ.
“އަހަރުމެން މީ ދެމަފިރިންނަށް ވަންޏާ، ކީއްވެތަ އަހަރުމެން ދެމީހުންނަށް ދެމަފިރިންހެން ނޫޅެވިގެން މިއުޅެނީ” ހިތްހަމަ ނުޖެހިފައި އޮވެ ނާއިލު ބުނެލިއެވެ. ޝަބާގެ ސިކުނޑިއަށް ބުނާނެ އެއްޗެއް ނައެވެ. ވިސްނަން އިނދެވުނީއެވެ. ނާޢިލު ހިތްހަމަ ނުޖެހިއްޖެކަން ޝަބާއަށް އެނގުނެއް ކަމަކު އެކަން ގުޅިފައިވަނީ ކޮންކަމަކާ ކަމެއް އޭނާއަކަށް ވިސްނައިގަންނާކަށް އެވަގުތަކު ނޭނގުނެވެ.
“އަހަރެން ވަރަށް ފޫހިވޭ ދެއްކުންތެރިކަން ބޮޑު މީހުންދެކެ، ހަޤީޤަތް އަބަދަކު އޮޅުވައެއް ނުލެވޭނެ، ދަންވަރު ބޭރަށް ނިކުމެ ކުރާނެ ކަމެއްކޮއްފައި އައިސް ފެންވަރައިގެން ނަމާދަށް އަރަނީ ކީއްކުރަންބާއޭ ހިތަށްއަރާ، އަހަންނަށް ވަރަށް ރަނގަޅު މީގެ ފަހުން ޝަބާ މިކޮޓަރިއަށް ނަމާދަށް ނޭރިއްޔާ، މަންމަމެން އަންނަން ވާއިރަށް ފޮށިތައްޔާރު ކުރޭ، އަހަރެން ހެނދުނު ސައިބޯން ނުކުމެފައި ތުއްތޮން ގާތު ބުނެފާނަން މާލެ ދާން ބޭނުންވާ ވާހަކަ، މާލެ ދެވުނީމަ އަހަރެން ޝަބާ މިނިވަންކޮއްދޭނަން” ވާހަކަދައްކަނީ ކިތަންމެ މަޑުމައިތިރިކޮށް ކަމަށްވިޔަސް ނާއިލުގެ އަޑުއިވުމުން އޭނާ ހިތްހަމަނުޖެހިފައި ހުރިވަރު ކޮންމެ މީހަކަށްވެސް އިޙްސާސް ކުރެވޭނޭހާވެއެވެ.
ޝަބާ ކުރިއަށްވުރެ ބޮޑަށް ނާއިލުގެ ގާތަށް ޖެހިލާފައި އޭނާގެ އަތްތިލާގައި އަތްބާއްވާލިއެވެ. ނާއިލު އޭނާގެ ނަމާދާ މެދު ޝައްކު ކުރަންފެށީ ކޮންއިރަކު ބާއޭ ޝަބާގެ ހިތަށް އެރިއެވެ. އަދި ދަންވަރު އޭނާ ބޭރަށް ނުކުމެ ކުރާނެހާ ކަމެއް ކުރަނިއްޔޭ އެބުނީ ކޮންކަމަކަށްބާއޭވެސް ހިތަށްއެރިއެވެ. ލިބުނު ހައިރާންކަން ޝަބާ ފޮރުވާލަމުން އެއްވެސް ކަމަކަށްވުރެ މުހިންމު ކަމަކާއިގެން އޭނާ ވާހަކަދެއްކިއެވެ.
“ނާއިލު ބޭނުންވާ ކޮންމެ ގޮތަކަށް އަހަންނާއި މެދު ކަންތައްކުރިޔަސް އެންމެ ރަނގަޅު، އެކަމަކު ފަރުވާކުރުން ހުއްޓާނުލާ، އާދޭސް ކޮއްފަމިބުނީ، މިކަމުން ނަތީޖާ އަކާއި ހަމައަށް ފޯރަންދެން މެދުކަނޑާނުލާ… ޕްލީޒް…” ޝަބާ ނާއިލުގެ އަތްތިލާގައި ދެއަތުން ހިފަހައްޓާލައިގެން އިނދެ އާދޭސްކުރަން ފެށިއެވެ. އެހެން މީހުންނެކޭ އެއްގޮތަށް ނާއިލުވެސް ދެފައި މައްޗަށް ކޮޅަށް ހުންނާނެ ދުވަހަކަށް ޝަބާއަށްވެސް އެދެވެއެވެ. އަދި ނާއިލުގެ ހަޔާތުން އޭނާއަށް ޔާގައެއް ނެތްކަމުގައި ވިޔަސް، ނާއިލު ފުރިހަމަ ޞިއްޙައްތުގައި ހުރުމަށް ޝަބާއަށް ކުރެވެން އޮތް ހުރިހާ ކަމެއް ކުރަން އޭނާ ބޭނުމެވެ. ނާއިލުގެ ހަޔާތަށް އަލިކަމެއް ގެނެސްދިނުމުގެ ގަސްދުގައެވެ. ދިރިއުޅުން ފަސޭހަކޮއްދިނުމަށެވެ. ނާއިލުގެ އަމިއްލަ ނަފްސުގެ މައްޗަށް ގެއްލިފައިވާ އިތުބާރު އަނބުރާ ހޯދާ ދިނުމަށެވެ.
ނާއިލު އެއްވެސް އެއްޗެއް ނުބުނެ ގިނައިރުވާން ފެށުމުން ޝަބާވެސް ސުވާލެއް ނުކުރިއެވެ. މަޑުމަޑުން ނާއިލުގެ އަތްތިލަ އެނދުގައި ބާއްވާލުމަށްފަހު އެނދުން ފައިބައިގެން އެކޮޓަރިން ޝަބާ ނުކުތެވެ. ނާއިލުއަށް ފަސްއެނބުރި ބަލާލާހިތްވިއެއް ކަމަކު އެހަރަކާތުންވެސް ނާއިލުއަށް އިތުރު ހިތްހަމަނުޖެހުމެއް ލިބިދާނެތީވެ އެކަންކުރުމުން އަމިއްލަ ނަފްސު ހުއްޓުވިއެވެ.
ދުނިޔެ މައްޗަށް ފަނޑުއަލިކަމެއް ވެރިވެފައިވެއެވެ. ވާރޭގެ ޝަބްނަމް ތިކިތަށް ގަސްތަކުގެ ފަތްތަކާއި ފޮޅިފައިވާ މާތަކުން ފެންނަމުންދިޔައެވެ. މަޑު ހިނގުމުގައި ޝަބާ ގޭން ނުކުމެގެން އަތިރިމައްޗާ ދިމާލަށް ދިޔައެވެ. މިސްރާބު ހުރިގޮތުން ހީވަނީ އޭނާ އެދަނީ ޖޯލި ފަތި ތަކާއި ދިމާލަށްހެންނެވެ. ފަޒާގައިވާ ތެތްފިނި ވައިރޯޅިތައް އައިސް ބީހިލުމާއިއެކު މީހާ ރޫރޫ އަޅާލާހާ ފިންޏެވެ. އެހެންނަމަވެސް ޝަބާގެ ހިތާ ސިކުނޑި ހާސްވެފައި ހުރިވަރުން ވަށައިގެންވި މާޙައުލުގެ އެއްވެސް ކަމެއް އޭނާއަށް ފާހަގައެއް ނުކުރެވުނެވެ. ފަޅުވެފައިވާ މަގުން އެކަނިމާ އެކަނި ހިނގަމުން ގޮސް މަޑުކޮއްލީ ކުރިންވެސް ހީވި ޖޯލިފަތިތައް ކައިރީގައެވެ.
ޖޯލީގެ ތެރެއަށް ހަށިގަނޑު ދޫކޮށްލި ޝަބާ ފުންނޭވާއެއް ލިއެވެ. ހީވީ ސިކުނޑީގެ އުދާސްކަން ބޭރުކޮއްލަން ބޭނުންވެގެން ގެނައި ހަރަކާތެއް ހެންނެވެ. މަޑުމަޑުން ނިތުގައި އަތްހާކާލުމަށްފަހު ކަނދުރާގެ ވާގި ދޫކޮއްލައިގެން އެއްފަރާތަކަށް ބަލަހައްޓައިގެން އޮތެވެ. ނަޒަރު ހުރީ އެއްދިމާލަށް ހުއްޓިފައިވިޔަސް ޝަބާ ވިސްނަމުން ދިޔައީ އޭނާގެ ދިރިއުޅުމާއިމެދުއެވެ.
“އަހަރެން ބުނާނީ ކިހިނެއް، ކޮން ދުލަކުން… އަހަރެން އެއްވެސް ގޯސް ކަމެއް ނުކުރަން، ނާއިލު، ކީއްވެތަ އަހަންނަށް ނާއިލު އާއިމެދު ވިސްނެންވީ، ކީއްވެތަ ނާއިލު ހިތްހަމަ ނުޖެހުނީމަ މިހިތަށް ތަދުވަނީ، އުނދަގޫވަނީ… ކީއްވެތަ ނާއިލުގެ އުފާތަކާ ހިތްހަމަޖެހުން އެހެން އެއްވެސް ކަމަކަށްވުރެ އަހަންނަށް މުހިންމު ވަނީ… ނާއިލަށް އެނގޭތަ، ރާއިދަކީ އަހަރެންގެ އަލަތު ފިރިމީހާއަށް ވިޔަސް، އޭނާއަށް އަހަރެން މުހިންމެއް ނުވި، މިދުނިޔެމަތީ އޭނާދެކެ ލޯބިވީ ވަރަށް އަހަރެން އެހެން މީހަކު ދެކެ ލޯތްބެއް ނުވަން، އޭނާދެކެ އިންތިހާއަށް ލޯބިވިން، އެކަމަކު މިއަދު އަހަންނަކީ އޭނާގެ މިލްކެއްނޫން، އޭނާވީ ކިހާ ހިސާބެއްގަ ކޮންހާލެއްގަ ކަމެއްވެސް ނޭނގޭ، އަހަރެން ޤަބޫލު ކުރަން ﷲ އެއްވެސް އަޅަކަށް ދެރަގޮތެއް މެދުވެރިއެއް ނުކުރައްވާނެކަން، އެކަލާނގެ މިންވަރުފުޅުން އަހަރެން ރާއިދުގެ ހަނދާންތަކާއި ދުރުވަންވީ ވަގުތު ޖެހިއްޖެކަންވެސް ދެނެގަތިން، އަދި ނާއިލުއަކީ އެކަނލާގެ މިދުނިޔެމަތިން އަހަންނަށް އިރާކުރެއްވި ފިރިމީހާކަމާއިމެދުވެސް ޝައްކެއް ނުކުރަން… ދެން… ދެން ކީއްވެ ނަވާލު މިދޭތެރެއަށް އަންނަންވީ، އޭނާއަކީ ނުބައި ޚިޔާލު ތަކެއްގެ ވެރިއެއް، އެފަދަ މީހުންގެ ނުބައިކަމުން ސަލާމަތްވުމަށް އަހަރެން މަސައްކަތް ކުރިން، ހިޔަންޏަށް މުޑިނަގާހެން އޭނާ އަބަދު އެހުންނަނީ އަހަރެންގެ އިޝާރާތަކަށް ބަލަބަލާ، އެއީ ރީތި ފިރިހެނެއް، ހިތްތަށް ކަޅުކޮށްލާ ދެލޯ އަނދިރިކޮށް މީހާގެ ނަފްސުގެ މައްޗަށް އޮންނަ ބާރު ކަނޑުވާލާ ފަދަ ހިތްގައިމުކަމެއް ލިބިފައިވާ އިންސާނެއް، ޔަގީނުންވެސް އެފަދަ ރީތި ހަށިގަނޑަކާ، ބަލާ ފޫހިނުވާނޭ ސޫރައެއް ލިބިފައިވާ ފިރިހެނަކު އަހަންނަށް މިފެނުނީ އަލަށް، އޭނާގެ ދަޢުވަތަކީ، އަހަރެން އަމިއްލައަށް ގޮސް އަލިފާން ގަނޑަކަށް ފުންމާލުން ކަހަލަ ކަމެއް، އަލިފާނުގެ ހުޅުގަނޑު ނަށަމުންދާއިރު ބަލާލަން ކިތަންމެހާވެސް ހިތްގައިމު، އެކަމަކު އެޔާ ކައިރިވެއްޖެނަމަ އަނދާއަޅިޔަށް ހަދާލާ… އޭނާގެ ނުބައިކަން އޭނާއަށް، އެކަމަކު އަހަރެން ނާއިލަށް…” ޝަބާގެ ދެލޮލުން ހިފެހެއްޓުމެއްނެތި ކަރުނަފައިބައިގަތެވެ. ފޮހެލާން ހިތަށްވެސް ނާރާ އޭނާ އޮތްގޮތަށް ޖޯލީގައި އޮތެވެ. މެދުހަށީގައި ދެއަތް ހުރަަސްކޮއްލައިގެން އެއްދިމާލަކަށް ހުއްޓިފައި އޮތްހެންނެވެ. ތުންފަތުގައި އުފެދުނު މަޑު ތުރުތުރާއިއެކު ޝަބާއަށް މާބޮޑަށް ރޮވެންފަށައިފިއެވެ. އެއްފަރާތުން އެލިފައިއޮތް ޝޯލްގެ ބައިނަގާ މޫނުގައި އަޅާލުމައިއެކު އޭނާ ރޮމުންދިޔައެވެ.
“ޔާ ﷲ، ނުބައި ރޭވުންތައް މޮޅަށް ދެނެވޮޑިގެންވަނީ އިބަރަސްކަލާނގެ، މިއަޅާގެ ހަށިގަނޑާއި ނަފްސު ހަވާލު ކުރަނީ އިބަރަސްކަލާނގެއަށް، މިއަޅާގެ މައްޗަށް އޯގާތެރިވެ މިއަޅާ ރައްކާތެރި ކުރައްވާފާނދޭވެ، ނުބައި ޢަމަލުތަކަށް އަރައިގަނެވުމުގެ ކުރިން އިބަރަސްކަލާނގެ ކޯފާގެ އިންޒާރު މިހިތަށް އިލްހާމް ކޮއްދެއްވާންދޭވެ، މިއަޅާއީ ފިރިމީހާއަށް އޯގާތެރި އަންބަކު ކަމުގައި ލައްވާންދޭވެ، ޔާ ﷲ، އިބަރަސްކަލާނގެއަކީ ހިތްތަކަށް ހަމަޖެހުން ދެއްވާ ރަސްކަލާނގެ، މިއަޅާއީ މިއަޅާގެ އިމްތިހާންތަކަށް ކެތްތެރިވެ ކާމިޔާބު ލިބިގެންވާ އަޅަކު ކަމުގައިލައްވާންދޭ، މިހިތުގައި އެއްވެސް މީހަކަށް ނުބައި ކަމެއް ނުލަމު، ރާޢިދުއަކީ ނުބައި މީހެއްނޫން، އެކަމަކު އެއީވެސް އިބަރަސްކަލާނގެ މިންވަރުފުޅުކަމުގައި ޤަބޫލު ކުރަން، ރަނގަޅު ދިރިއުޅުމެއް މިއަޅާއަށް އިރާދަކުރައްވާންދޭވެ… ރަނގަޅު ދިރިއުޅުމެއް މިއަޅާއަށް އިރާދަކުރައްވާންދޭވެ…” ޝަބާގެ ހިތުގެ ދޫހަރަކާތް ކުރަމުން ހެއްދެވި ފަރާތަށް ދަންނަވަމުން ދިޔައިރު، ނޭވާ ކޮޅުން ދާހެން ހީވާ ކަހަލަ ގޮތަކަށް ޝަބާގެ ގިސްލެވުމުގެ އަޑު ބޭރަށް ފާޅުކޮށް އިވެމުންދިޔައެވެ.
އެއްއަޑަކަށް ގޮވަމުންދިޔަ ކޮވެއްޔާ ކާޅުގެ އަޑުފަށް ކެނޑިގެން ދިއުމާއިއެކު ނޭފަތް އެތެރެއަށް ދަމާލި ޝަބާ މޫނު ނިވާކޮއްލެވިފައިވާ ޝޯލް އެއްފަރާތްކޮއްލަމުން ވަށައިގެން ނަޒަރު ހިންގާލިއެވެ. ދުނިޔެ މައްޗަށް އަލިވެ ފުރަތަމަ ފަހަރަށް ވިއްސާރަވިލާތަކުން އުޑުމަތި ސާފުވެ އިރުގެ ރަންއަލި ފެތުރިފައިވާތަން ޝަބާއަށް ފެނުނެވެ. މައްޗަށް ބަލާލުމުން ފަތްތަކުގެ ދޭތެރެތަކުން ބިމާއި ހަމައަށް ވާސިލު ވުމަށް މަސައްކަތް ކުރަމުން ދާ އަވީގެ އަލިކޮޅުތައް ޝަބާއަށް ފެނުނެވެ. ޝަބާގެ ކަރުނުން ފުރިފައިވި ދެލޯ ހިކި، ތުންފަތަށް ލުއިލުއި ހިނިތުންވުމެއް ވެރިވެއްޖެއެވެ. އެވަގުތު ހިޔާއެޅިފައި ހުރި ބޮޑުގަހުގެ ދަށުން ދުރަށް ޖެހިލާ އަވީގައި ހިނގާލުމަށް ހިތްއެދުނެވެ. މަޑުމަޑުން ތެދުވެ ޝަބާ ގެއަށް ދިއުމުގެ ބަދަލުގައި ކުރިއަށް ހިނގައިގަތެވެ.
ފޮނުލާފައި ބީއްސާލާ ރާޅުތަށް ފެނި ޝަބާގެ ހިތަށް ހަމަޖެހުން ލިބުނެވެ. ދުރުދުރަށް ފެތުރިފައި އޮތް ބޮޑު ފަޅު ފެންނަލެއް ނުހަނު ހިތްގައިމެވެ. މޫދުގެ ލޮނުގަނޑަށް މުޅިން އާދިރުމެއް އައިސްފައިވާ ކަހަލައެވެ. މުތީ ތަކެއްހެން ރާޅުގަނޑު ތެރެއިން ލޮނުތިކިތަށް ވިދާލާ މަންޒަރު ފެންނަމުންދިޔައެވެ. މަޑުމަޑު ވައިރޯޅި ތަކާއިއެކު އިވެމުންދިޔަ ދޮންވެލި ގަނޑުގައި ބޮސްދީގައި އެދާ ރާޅުތަކުގެ މިއުޒިކު ނުހަނު ހިތްގައިމެވެ. ފަޒާގައި ހަރުލަމުންދިޔަ ލޮނުވަހާއިއެކު ނޭވާ އެތެރެއަށް ދަމާލާފައި ބޭރުކޮއްލި ޝަބާ މިހާރު އެހުރީ ވަރަށް ހަމަޖެހިލާފައެވެ. އެދެލޮލުގައި ރުއިމުގެ އަސަރު އެކުލެވިފައި ވިއެއްކަމަކު މާޙާއުލުގެ ހިތްގައިމުކަން އެހިތަށް ހަމަޖެހުން ގެެނެސްދީފިއެވެ. އާދުވަހަކަށް ކުރިމަތިލުމުގެ ހިތްވަރު އާލާކޮއްދީފިއެވެ.
“ބޮއްޔެއް…” ދުވެލާފައި ތަންކޮޅެއް ދުރުން އަންނަ ކުޑަކުޑަ ކުއްޖަކު ބުނެލި އަޑު ޝަބާގެ ކަންފަތުގައި ޖެހުނެވެ. ލޯބި ލޯބި އަންހެން ކުއްޖެކެވެ. ފެންނަ ފެނުމަށް ތިންއަހަރު އެކުއްޖާއަށް ވެދާނެ ކަމުގައި ޝަބާ ލަފާކުރިއެވެ. ދުވަސްވެފައި ހުރި ފިރިހެނަކާއިއެކު އަތިރިމަތީގައި އެކުއްޖާ ބޮލި ހޮވަނީއެވެ. އޭރު އެފިރިހެން މީހާގެ އަތުގެތެރޭ އިތުރު ކުއްޖަކު ވިއެވެ. ނުހިނގޭވަރު ކުޑަކުއްޖެކެވެ. އެމަންޒަރަށް ޝަބާގެ ޝައުގުވެރިކަން ހުއްޓުނީ ކީއްވެކަމެއް ނޭނގެއެވެ. ސިކުނޑީގައި އެމީހާ އާއި އެކުދިންނާ ހުރި ގުޅުން ނުނިންމިގެން އުޅެނިކޮށް އެއްކަލަ ކުއްޖާ “ކާފާ” އޭ ކިޔާ އެ ފިރިހެން މީހާއަށް ގޮވާލައިފިއެވެ.
އެންމެންގެ މޫނުމަތިން ފެނުނީ ކަންބޮޑުވުމުގެ އަސަރެވެ. ޝަބާ ފެނުމާއިއެކު ކޮންމެ މީހަކު އޭނާ ދިޔަތަނަކާއިމެދު ސުވާލު ކުރަން ފެށިއެވެ. އެންމެނަށްވުރެވެސް ނަވާލު ހީވަނީ މާ ހާސްވެފައި ހުރިހެންނެވެ. އޭރު ފުރޮޅުލީ ގޮނޑީގައި ސިޓިން ރޫމުގައި އިން ނާއިލަށް ޝަބާ ބަލާލިއެވެ. އެވަގުތު އެދެމީހުންގެ ހަތަރުކަޅި ބައްދަލުވެގެން ދިޔައެވެ. ނާއިލު އެއްޗެއް ނުބުނެ އަވަސް އަވަހަށް އެހެން ދިމާލަކަށް ނަޒަރު ހިންގާލިއެވެ. ނަމަވެސް އެއީ އޭނާ ދައްކާލި ދަޅައެކެވެ. ހަޤީޤަތަކީ އޭނާވެސް ކުޑަހިނދުކޮޅަކަށްވިޔަސް ޝަބާ ވީތަނެއް ނޭނގުމުން ކަންބޮޑުވެ ހާސްވިކަމެވެ. ޝަބާ މޮޔަކަމެއް ކޮއްފާނޭ އޭނާގެ ހިތަށްވެސް އެރިކަމެވެ. ނަމަވެސް މިއިން އެއްވެސް ކަމެއް އޭނާ ދައްކަން ބޭނުންނުވަނީއެވެ.
“މިއައީ ހިނގާލާފަ، އަތިރިމައްޗަށް ގޮސް މޫދު ބަލާލާފަ” ގަދަކަމުން ކަހަލަ ގޮތަކަށް ހިނިތުންވެލަމުން ޝަބާ މިހެން ބުނެލީ ނީލްއަށް ބަލަހައްޓައިގެން ހުރެއެވެ. އަދި އޭނާ އަވަސްވެ ގަތީ ބަދިގެއަށް ވަދެ ލީލާއަށް އެހީތެރި ވުމަށެވެ.
ހެނދުނުގެ ސައި ނިމުނުއިރުވެސް ނާއިލު އަނގައިން ބަހެއް ނުބުނެއެވެ. މާލެ ދާ ވާހަކަ ދައްކާނެކަމަށް ޝަބާ ހީކޮށްގެން އިނެއްކަމަކު އެހެން ކަންތައް ނުކުރުމުން އޭނާ އުފާވިއެވެ. ނަމަވެސް ނާއިލުގެ ސަމާލުކަން އޭނާ އާއިމެދު ކުޑަވެފައިވާތަން ފެނި އެކަމާ ދެރަވިއެވެ.
މެންދުރު ނަމާދަށް ދަމުން ނީލް ދިޔައީ ނަވާލާއި ނާއިލުވެސް ގޮވައިގެންނެވެ. އެކަމާ ޝަބާ ވަރަށް ހިތްހަމަޖެހުނެވެ. އަދި ނީލް ބުނެފިނަމަ ނާއިލު އެކަމާ ދެކޮޅު ނަހަދާކަން ޝަބާއަށް ފާހަގަ ކުރެވުނެވެ. ނަވާލުވެސް އެތަށް ބަހަނާއެއް ދެއްކުމަށްފަހުވެސް ނީލްއަށް ނޫނެކޭ ބުނަން ނުކެރިގެން އެންމެންފަހުން ދިޔައީއެވެ. އަތްމަތި އަވަސް ކޮއްލާފައި ލީލާ އާއި ޝަބާ ކާމޭޒު ތައްޔާރުކޮށް ނިންމާލިއެވެ. އަދި ނަމާދަަށް ދިޔަ މީހުން އަންނަންވާއިރަށް ޝަބާވެސް ކޮޓަރިއަށް ގޮސް ފެންވަރާލައިގެން މެންދުރު ނަމާދުކޮއްލިއެވެ.
“މިރޭ މަހަށްދާން ހަލީމް ބުނެފި، އެގޭ ކުޑަދޯނީގައި ދަނީ، ނަވާލު ދާންވީނު ބޭބެ އާއިއެކު” މެންދުރު ކާން، ކާމޭޒު ދޮށުގައި އިނދެފައި ނީލް ބުނެލިއެވެ.
“އަހަރެން މީ އެހާ ފިޝިން މީހެއްނޫން، ތުއްތޮން މިފަހަރު ގޮސްލާ، މީކާ ގޮވައިގެން ދާންވީނު، އޭނަ ވަރަށް މަސްބާނާ ހިތްވާނެ” ނަވާލު ޝައުގުވެރިކަން ކުޑަގޮތަކަށް ބުނެލިއެވެ.
“ނޫނޭ، މީކާއަކަށް ނުދެވޭނެ، ޝަބާ އެކަނިމާ އެކަނި ނާއިލުގެ ކަންތައް ކިހިނެއް ކުރާނީ، ސޮރީ މީކާ” ނީލް ބުނެލިއެވެ. މީކާ ހިނިތުންވެލީއެވެ. އޭނާއަށް ކޮންމެވެސް ވަރަކަށް ނީލް އެދައްކާ ވާހަކަ ދޭހަވެއެވެ. އޭނާއަށް އުނދަގުލީ އެހެން މީހުން ވާހަކަ ދައްކާހެން ސާފު ދިވެހި ބަހުން ވާހަކަދައްކާށެވެ.
“އަހަރެން މިހިރީނު، ބީބީގެ ހުރިހާ ކަމެއް އަހަރެން ކޮއްދޭނަން، ޝަބާއަށް އަހަރެން ގާތު ބުނެވިދާނެ އެންނު، މަގޭ ނަންބަރުވެސް ސޭވްކޮއްލާ ޝަބާގެ ފޯނުގަ، އޭރުން ގުޅާލާ އިރަށް އަންނާނަން” ނަވާލު ލާނެތްގޮތަކަށް ހިނިތުންވެލާފައި ޝަބާއަށް ބަލަން އިނދެ ބުނެލިއެވެ.
“ތީވެސް ރަނގަޅު ގޮތެއް، ނަވާލަށް އެކަން ކުރެވެންޏާ ކުރަން އުޅޭނީ… ވާނެތަ، ބުނޭ، އޭރުންތާ މީކާ ގޮވައިގެން ދާން އެނގޭނީވެސް” ނީލް އަނގަޔަށް ލީ ކާއެއްޗެހި ހުސްވަންދެން ހިމޭނުން އިނދެފައި ބުނެލިއެވެ.
“ނީލްބޭ، މީކާ ކޮއްދޭ ހުރިހާ ކަމެއް ނަވާލަށް ކުރަން ޖެހިއްޖެނަމަ ވަރަށް އުނދަގޫވާނެ، ކޮންމެ ކޮންމެ މީހަކަށް ނާއިލު ފާޚާނާއަށް ގެންގޮސްދިނުމާ ކަންތައްތަކެއް ނުކުރެވޭނެ، އަޅުގަނޑަށް ފެންނަނީ މީކާ ބަހައްޓާފައި ދާން” ގޭގައި ނަވާލާއިއެކު އެކަނިވާން ޖެހިދާނެކަމުގެ ބިރު އޮތްލެއް ބޮޑުކަމުން ޝަބާ ބުނެލިއެވެ. މިނޫނީ ޝަބާއަކީ އެހެންދެކެވޭ ވާހަކަތަކަށް ބަސްބުނެ އެކަމުގެތެރެއަށް ވަންނަ އަންހެނެއް ނޫނެވެ. ނަމަވެސް ނީލް ނެތްތަނުގައި މީކާ ހުރުމަކީ ޝަބާއަށް ލިބޭނެ ވަރަށް ބޮޑު ރައްކާތެރިކަމެކެވެ. ނަވާލު މިހާރު އެހުންނަނީ ފުރުޞަތަކަށް ބަލަބަލާކަމަށްވާތީ، އެކަމަށް ޝަބާވެސް އެހުންނަނީ ސަމާލުވެއެވެ. އެފަދަ ފުރުޞަތެއް އޭނާއަށް ނުދިނުމަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް އޭނާ އެކުރަނީ އެހެންވެއެވެ.
“އާން، އެއީ ތެދެކޭ ނަވާލް، މީކާއަކީ އެފަދަ ކަންތައްތަކަށް އާދެފައި ހުރި އަނެއްކާ ނަރުހެއްވެސްމެ، ނަވާލަކަށް އެހެނެއް ނޫޅެވޭނެއެންނު…” ނީލްގެ ވާހަކަ ނަވާލު މެދުކަނޑާލިއެވެ.
“ތުއްތޮން، އެންމެ ރެއަކު އަހަރެން ބީބީގެ ޚިދުމަތުގައި ހުރުމުގެ ފުރުޞަތު ދީބަލަ، އަހަންނަށްވެސް މީކާ ކޮއްދޭ ހުރިހާ ކަމެއް ކޮއްދެވޭނެ، މަގޭ ދެއަތުގައިވެސް ބާރު އެބަހުރި، އަހަރެން ފިޝިންއަށް ދާން ބޭނުންނުވިޔަސް މީކާ ވަރަށް ބޭނުންވާނެ ފިޝިންއަށް ދާން، އޭނާއަށްވެސް ހިތްހަމަޖައްސާލާނެ ފުރުޞަތެއް ދޭންވާނެ އެންނު، އެހެންވެ ހިތަށްއެރީ މީކާ އަންނަންދެން ބީބީގެ ހުރިހާ ޒިންމާއެއް އަހަރެން ނަގާފާނަމޭ، އަހަންނަށް ބީބީއަށްޓަކައި ކޮށްނުދެވޭނޭ ކަމެއް ނޯންނާނެ، ޝަބާ ހާސްނުވޭ، ތުއްތޮންވެސް ހާސްނުވޭ، ހުރިހާ ކަމެއްވެސް އެންމެ ފުރިހަމައަށް އަހަރެން ކުރާނަން، ބީބީ ޤަބޫލު ދޯ” ނަވާލު މިހެން ބުނެ ނާއިލު އާއި ދިމާލަށް ބަލާލިއެވެ.
ކާމޭޒުދޮށުގައި ނާއިލް އިނެއްކަމަކު އޭނާގެ އެއްވެސް ފަރުވާލެއް ދެކެވެމުންދިޔަ ވާހަކައަށް ނުދެއެވެ. އޭނާގެ ސިކުނޑީގައިވަނީ މުޅިން އެހެން ޚިޔާލެކެވެ. އެއްޗެއް ނުބުނެ ނާއިލު އިނުމުން ނީލް ގޮތެއް ނިންމިއެވެ. އެއީ ނަވާލަށް އޭނާގެ ބޭބެއަށް ޚިދުމަތްކޮއްދިނުމަށް ފުރުޞަތުދީފައި، މީކާގެ ހިތްހަމަޖައްސާލުމަށްޓަކައި ނީލް އާއިއެކު މަހަށް ގެންދިއުމެވެ. މިނިންމުމާއިއެކު ނަވާލު އުފަލުން އުދުއްސައި ގަންނަން ބޭނުންވިއެވެ. އެހެންނަމަވެސް އެންމެންގެ ކުރިމަތީ އެކަން އޭނާ ފާޅެއް ނުކުރިއެވެ. ނީލްގެ ލޮލުގައި މަޑުމަޑުން އިން ނާއިލު އަޅައިގަނެއްޖެއެވެ. އެެހެން ދުވަސްތަކާ ޚިލާފަށް ނާއިލު މިއަދު ފެންނަނީ ކޮންމެވެސް ބޮޑު ފިކުރެއްގައި އިންތަނެވެ. އެ ހަމަހިމޭންކަމުން ނީލްއަށް ނެގުނީ މުޅިން ތަފާތު މާނައެކެވެ. އެއީ ނާއިލު އޭނާގެ ހާލާމެދު ވިސްނަނީ ކަމުގައެވެ. އެހެންމީހުން ފަދައިން އޭނާވެސް އުޅެން ވަކި ބޭނުންނުވެއެއް ނުހުންނާނެ ވިއްޔާއެވެ.
އެދުވަހުގެ މެންދުރުފަހެވެ. ރަޒިއްޔާވެސް މިއަދު ތަންކޮޅެއް ކުރިން އަތުވެއްޖެއެވެ. ގޭގައި އުޅޭ މެންބަރުންނާއި އޭނާ އާއިމެދު ގާތްގުޅުމެއްވަނީ އުފެދިފައެވެ. އެހެންވެ ދެކެވޭ ވާހަކަތަކުގައިވެސް ހުންނަނީ ގާތްގޮތެވެ. ނާއިލުއަށް ވަރަށް ހިތްވަރު ލާދެއެވެ. ހަރަކާތެއް ނުކުރެވިފައި ގޮނޑިއެއްގައި އިނަސް، ނާއިލުއަކީ ޢާއިލާގެ ހުރިހާ މެންބަރުންގެ ލޯބިލިބޭ އެމީހުން ވަރަށް ބަލައިގެން ގެންގުޅޭ ޒުވާނެއްކަން ރަޒިއްޔާއަށް ޔަގީންވެއެވެ. އޭނާވެސް ބޭނުންވަނީ ނާޢިލުއަށް އަވަސް ޝިފާއެއް މާތް ރަސްކަލާނގެ ދެއްވުމެވެ. އެހެންނަމަވެސް އަދި ހަމަ އެއްވެސް ބަދަލެއް ނާއިލުގެ ހަށިގަނޑަކަށް ނާދެއެވެ.
“ކަސްރަތުތައް ކުރަންތަ، މޫދަށް ދިޔައިންތަ” ރަޒިއްޔާ ނާއިލުގެ ކޮނޑު ހުޅާއިއެކު މުޅިއަތުގައި ތެޔޮ ދަމަމުން އަހާލިއެވެ.
“ދައްތާ ތީއޭ މައްސަލައަކީ، ނާއިލު އެއްގޮތަކަށްވެސް ކަސްރަތެއް ނުކުރޭ، މޫދަށް ދާކަށްވެސް ޤަބޫލެއް ނޫން” ޝަބާ މިހެން ބުނި އަޑުއިވުމާއިއެކު ނާއިލަށްވެސް ފަތްޖެހި އެނދު ކައިރީހުރި ޝަބާއަށް ބަލާލެވުނެވެ. ހައިރާންވެފައި އޮވެއެވެ. މިއަދު މުޅިންވެސް ޝަބާގެ ފަރާތުން ހީނުކުރާ ކަންތައްތަކެއް ފެންނަ ދުވަހެކެވެ. ނާއިލު އާއިމެދު މާބޮޑަށް އަޅާލާކަން ޚުދު އޭނާއަށްވެސް ފާހަގަ ކުރެވުނެވެ. އަދި ނަވާލާއި ދުރުގައި ޝަބާ ހުންނަން މަސައްކަތް ކުރުމުގެ އިތުރުން ނަވާލާއި ވާހަކަދައްކާ ތަނެއްވެސް އެއްގޮތަކަށްވެސް ނުފެނެއެވެ. ނީލްއަށް ޝަބާގެ ޝައުގުވެރިކަން ނާއިލަށް ދެވިފައި ހުރިވަރު ފެނި ހިތްހަމަޖެހުމުގެ ހިނިތުންވުމަކުން ހިނިއައިސްފައި ހުއްޓެވެ.
“މީ ދޮގެއް ނޫނެންނު މީކާ…” ޝަބާ އިނގިރޭސިން މީކާއަށް ބުނެލިއެވެ. ނާއިލަށް ޝަބާ އިނގިރޭސިން ވާހަކަދެއްކި އަޑުވެސް އެއިވުނީ ފުރަތަމަ ފަހަރަށެވެ. އެތަނުގައި ހުރި މީކާވެސް އަވަސް އަވަހަށް ޝަބާ އާއި އެއްބަސްވެއްޖެއެވެ.
“އެއީ ތެދެއް، އެހެންވީމަ ނާއިލު ރަނގަޅުވާން ބޭނުންނުވަނީ ތާ، ބޭނުމެއް ނޫންތަ ރަނގަޅުވާކަށް” ރަޒިއްޔާ ސުވާލު ކުރީ ނާއިލު އާއިއެވެ. ނާއިލު މަޑުމަޑުން ދެފަރާތަށް ބޯ ހަރަކާތްކޮއްލި ގޮތުން އޭނާ ނޫނެކޭ ބުނަންކަން ބޭނުންވަނީ އެނގުނެވެ. މިކަހަލަ ވާހަކަތަކެއް ދައްކަމުން ރަޒިއްޔާގެ މަސައްކަތް ނިންމާލުމަށްފަހު ގެއަށް ދިޔައީ މިއަދުވެސް ރަނގަޅަށް ދުފާލައިގެންނެވެ.
ތެޔޮދަމަން ފެށިފަހުން ފަތްޖެހި އެނދުގައި ތެޔޮތަށް ހޭކިފައި ހުންނާތީވެ، ކޮންމެ ދުވަހަކުވެސް ޝަބާ އެނދު އެއްފަރާތްކޮއްލަނީ އޭގެ ސަތަރިގަނޑު ރަނގަޅަށް ދޮވެ ތެޔޮކަން ފިލުވާފައެވެ. ލީލާ އެކަން ކުރުމަށް އެދުމުންވެސް އެޭނާ އެކަން އެހެން މީހަކަށް ޖައްސަން ބޭނުންނުވަނީ ނާއިލަށް އޭނާގެ ހިތުން ޚާއްޞަކަމެއް ދެވެމުން އަންނާތީކަމެއް ޝަބާއަކަށް ނުވިސްނެއެވެ. ނޭނގި ހުރި އެކަހަލަ ކިތަންމެ ކަމެއް އޭނާއަށް ކުރެވެއެވެ.
ހަވީރު ޝަބާގެ އެދުމަށް މީކާ، ނާއިލު ތައްޔާރުކޮއްލައިގެން ގޭން ބޭރަށް ނެރުނެވެ. ގޭގެ ހަތަރުފާރުގެ ތެރޭގައި މީހާ އޮތުމުން އެލިބޭ ހާސްކަންވެސް ބޮޑުވާނެކަން ޝަބާ ދަނެއެވެ. އެހެންވެ އޭނާ ބޭނުންވީ ދުނިޔޭގެ ވައިގެތެރެއަށް ނާއިލު ނެރެލުމަށެވެ. ޤުދުރަތުގެ ރީތިކަމުން އެހިތަށް ހަމަޖެހުމެއް ލިބިދާނެ ކަމަށް ހިތާއެވެ.
“އަހަރެން ބޭރަށް ދާކަށް ބޭނުމެއްނޫން” ގޭޓުން ބޭރަށް ނާއިލުގެ ގޮނޑި ނެރުމާއިއެކު އޭނާ ބުނެލިއެވެ.
“ބޭރަށް ނުކުމެލިފަހުން މިހާރު ކިހާ ދުވަހެއް ވެއްޖެ، އަބަދު ގޭގަ އޮންނާކަށް ނުވާނެ، މިކަހަލަ ރަށަކަށް އައިސް އަދި އަމުދުން ތިހެން ގޭގައި ބަންދުވެގެން އިނުން އެއީ އެހާ ބުއްދިވެރި ނިންމުމެއްނޫން، ޕްލީޒް ނާއިލް، ހިނގާބަލަ މިދިމާ އަތިރިމައްޗަށް، މިއަދު ނޫނީ މޫސުން ރަނގަޅު ދުވަހެއް އަދި ނާދޭ” ޝަބާގެ ނިއަނެތިކަން ނާއިލުގެ ހިތާ ހަމައަށް ނުފޯރާނެ އެއްގޮތްވެސް ނެތެވެ. ޚާއްޞަކޮށް ޝަބާގެ ބީހުމެއް އިޙްސާސް ކުރެވޭ ހިނދު ނާއިލުގެ ހިތުގެ ހިނގުން އަވަސްވެ މުޅި ނަފްސު ސަމާލުކަމަށް އާދެއެވެ. އެއްވެސް އެއްޗެއް ނުބުނެ ނާއިލު އިންނަން ފެށުމުން ޝަބާ ހިނިތުންވެލާފައި މީކާ ގާތު ކުރިއަށް ހިނގައިގަތުމަށް ބުންޏެވެ. ރަނގަޅަށް ގޭން ނުނިކުމެވެނިސް ނަވާލު ގޮވާލި އަޑުއިވުމާއިއެކު ޝަބާގެ މޫނުމަތިން ފެންނަމުން ދިޔަ އުފާވެރިކަން ގެއްލިއްޖެއެވެ.
“ބޭރަށް ދަނީތަ، ހިނގާ ދޯ” ނަވާލު އެމީހުންގެ ފަހަތުން އައިސް އެއްވަރު ކުރިއެވެ.
“ކޮބާ ލީލާ، ދޭބަލަ އޭނަވެސް ގޮވައިގެން އަންނަން” ވީ ފޫއްސާ އައި ރުޅިން ޝަބާ ބުނެލިއެވެ. އެކަމަކު އޭނާގެ މޫނުމަތިން އެކަމެއް ނުދައްކައެވެ.
“އޭނާ ނުގެންދިޔަސް އޯކޭވާނެ” ނަވާލު ބުނެލިއެވެ.
“ނޫނޭ، އެންމެން ބޭރަށް ދާއިރު އޭނަ އެކަނި ގޭގަ ބަހައްޓާފަ ދާކަށް ނުވާނެ، ދޯ ނާއިލު، އަންނާނަން އޭނާ ގޮވައިގެން” ނަވާލް އެއްޗެއް ބުނަންވާއިރަށް ޝަބާ ހަލުވިކޮށް ގޭތެރެއަށް ވަދެގެން ހިނގައްޖެއެވެ. އޭރު ޓީވީ ބަލަން ލީލާއިނެވެ.
ގޭގެ ދޮރުތަށް ރަނގަޅަށް ތަޅުލުމަށްފަހު ލީލާ ތަޅުދަނޑިފަތި ދިއްކޮއްލީ ޝަބާއަށެވެ. އެންމެން އެކުގައި ހިނގައިގަތީ އަތިރިމައްޗަށެވެ. މޫދު ފެންނަ ހިސާބަށް ގޮސް މަޑުކޮއްލި އިރު އެތަނުގައި ކުދިވެރިންތަކެއް ދުވެދުވެފައި އުޅެއެވެ. ދެތިން ކުއްޖަކު ހިކިފަސްއޮތް ހިސާބު، ދޮންވެލި ގަނޑުމަތީ އިށީނދެލައިގެން ވާހަކައިގައި ތިއްބެވެ. ކޮންވައްތަރެއްގެ ދޫންޏެއްކަން ވަކިކުރަން ނޭނގޭ ކުދިކުދި ދޫނިތަކަކާއި ކާޅު އަތިރިމަތީ ގިނައެވެ. ހިއްފަސޭހަ މާޚައުލެކެވެ.
“މިރަށުގެ މޫދު ހާދަ ރީއްޗޭ، ފައިތެންމާލާ ހިތްވަނީ” ލީލާ ބުނެލިއެވެ.
“ކޮން ދުވަހަކުން މޫދަށް އެރެން އަންނާނީ” ނަވާލު ޝަބާއަށް ބަލާލާފައި ބުނެލިއެވެ.
“ނާއިލު މޫދަށް އަންނަ ދުވަހަކުން…” ޝަބާ، ނާއިލުގެ ކަނދުރާފައި ބޮލުގެ އިސްތަށިގަނޑާއި ގުޅިފައިވާ ހިސާބުގައި ފިރުމާލަމުން ބުނެލިއެވެ. ނާއިލުއަށް އަވަސް އަވަހަށް ޝަބާއަށް ބަލާލެވުނެވެ. އެންމެންގެ ތެރޭ އެއްޗެއް ބުނާކަށް ނާއިލަކަށް ނުކެރުނެވެ. އެތަނުގައި މަޑުކޮއްލައިގެން ހުރިއިރު ޝަބާ އުޅުނީ ނާއިލު އާއި ވަރަށް ގާތްކޮށެވެ. އަބަދުހެން ހުންނަނީ ނާއިލުގެ އިސްތަށިގަނޑާ ކުޅެލަ ކުޅެލައެވެ. ނާއިލުގެ ގައިން ޝަބާގެ އަތްނެގޭ ހިނދުކޮޅެއް ނާދެއެވެ. މިހުރިހާ ކަމެއް އޭނާ ކުރަމުންދިޔައީ ނަވާލު އެމީހުންގެ ގާތުގައި އުޅޭތީކަމެއް އެކަކަށްވެސް ނޭނގެއެވެ.
“ރާޅުޖަހާ ހިސާބުގައި ހިނގާލަން ހިނގާބަލަ” ނަވާލު، ޝަބާއަށް އަތްދިއްކޮއްލަމުން ދަޢުވަތު އެރުވިއެވެ.
“އަހަރެން ހުންނާނީ ނާއިލު ގާތުގަ” ޝަބާ ބުނެލިއެވެ. ނަވާލު ވަކިވަކިން ޝަބާ އަށާއި ނާއިލަށް ނަޒަރު ހިންގާލާފާއި އެއްމިޔަކަނިން ހިނިތުންވެލަމުން މޫދާ ދިމާލަށް ހިނގައިގަތެވެ. ލައިގެން ހުރި ހުދު ހަރުވާޅުގެ ދެޖީބަށް އަތްޖަހާލައިގެން ހުރެ ހިނގަމުންދިޔަ ނަވާލުގެ ރީތިކަން އިތުރުވެގެންދިޔައެވެ. ގަސްދަކާނުލާ ޝަބާއަށް އެދިމާލަށް ބަލަހައްޓައިގެން ހުރެވުނެވެ. ނާއިލު ބަލާލިކަން އޭނާއަށް ފާހަގައެއް ނުކުރެވުނެވެ.
“ޝަބާ ދާންބޭނުންވެފަ ކޮންމެހެން އަހަރެން ކައިރީ ހުންނާނެކަމެއްނެތް، އަހަރެން ކައިރީ ހުރުން މަޖުބޫރެއްވެސް ނޫން… ” ނާއިލުގެ އަޑުއިވިފައި ޝަބާގެ ހިތްވަރު އެލޭގޮތްވިއެވެ. އޭނާ ނަވާލު އާއިއެކުރަނީ ވަރުގަދަ ހަނގުރާމައެކެވެ. ނޭނގިނަމަވެސް ނާއިލުއަށް ބުނެވުނީ ތަންކޮޅެއް ބާރަށްކަމަށްވީތީ މާދުރަށް ނުދެވިހުރި ނަވާލަށް އެއަޑުއިވިއްޖެއެވެ. އެކަމެއް އެހެން މީހުންނަށްކަށް ނޭނގެއެވެ. އެހެންނަމަވެސް އޭނާ ހުއްޓުމެއްނެތި ކުރިއަށް ހިނގަމުންދިޔައެވެ. އެތަނުގައި ތިބި އަންހެން ކުދިންތަކެއް ބަލަން ފެށުމުން އެމީހުންނަށް އަތުން އިޝާރާތެއްކޮއްލާފައި ހިނިތުންވުމެއް ދިނެވެ. ނާއިލުގެ ގާތުގައި ހުރި މީކާއަށް ޝަބާގެ މޫނުމަތި މިލައިގެން ދިޔަތަން ފެނުނެވެ. ހުރިހާކަމެއް ރަނގަޅު ނޫންކަން މީކާއަށް ވިސްނުނެވެ. އެދެމެދުގައި އޮތް ދުރުކަން އެންމެ ފުރަތަމަ އިޚްސާސް ކުރެވި އެމަންޒަރު ދުއްމީހަކީ މީކާއެވެ. އެހެންވެ އެދެޒުވާނުންގެ ހިތް ދެނެގަންނާކަށް އޭނާއަށް އުނދަގުލެއްނުވިއެވެ.
“އަހަރެން މިހިރީ ނާއިލު ގާތުގަ އެންނު” ޝަބާ މަޑުމަޑުން ބުނެލިއެވެ.
ނާއިލު އެއްވެސް އެއްޗެއް ނުބުންޏެވެ. އޭނާ ބަލަން އިނީ ރާޅުޖަހާ ހިސާބަށް ގޮސް ހުއްޓުނު ނަވާލަށެވެ. ހިތަށް އެވަގުތު އެރީ އަރައިގެން ނުވާނޭ ފަދަ ޚިޔާލުތަކެކެވެ. ނަވާލުގެ ފުރިހަމަކަމޭ އޭނާގެ ހިތްބުންޏެވެ. އަންހެން ކުދިން ދީވާނާ ވާފަދަ އެތަށްކަމެއް އޭނާގެ ވާކަން ނާއިލުގެ ހިތް ބުނެދޭންފެށިއެވެ. ނަވާލު ގުދުވެ ފައިކުރި އޮޅާލާފައި ބީއްސާލި ރާޅުގެ ލޮނުގަނޑުން ފައިތެތްމާލިއެވެ. އޭރު އަރައިގެން ހުރި ފައިވާން އޭނާގެ އަތުގައި އޮތެވެ. ހިނގާލާއިރުވެސް އޭނާގެ އެހުންނަ ފިރިހެންވަންތަކަމެވެ. ހަށިގަނޑުގެ މަސްތަށް ހުންނަގޮތުން އޭނާގެ ފިރިހެންވަންތަކަމަށް އިތުރު ފުރިހަމަކަމެއް ގެނެސްދެއެވެ. އަބަދުވެސް އިސްތަށިގަނޑު ހުންނާނީ އެންމެ ފަހުގެ ގޮތަކަށް ސްޓައިލް ކޮއްލެވިފައެވެ. އޭނާއަށް އަންހެން ކުދިން ހިތްކިއުމަކީ ނަވާލުގެ ކުށެއް ނޫނޭ ނާއިލުގެ ހިތަށް އެރިއެވެ. އެހާ ފުރިހަމަ ޒުވާނަކަށް ހިތްނުކިޔާނެ އަންހެން ކުއްޖަކު މިދުނިޔެމަތީގައި ނުހުންނާނެކަން ގައިމެވެ. އެހެނޭ ކިޔާފަ ފުރޮޅުލީ ގޮނޑިއެއްގައި އިންނަ މީހަކަށް އެފަދަ ޒުވާނަކާ ވާދައެއް ނުކުރެވޭނެއެވެ. އެއީ ވާދަކުރުމުގެ ކުރިންވެސް، ކުރިލިބޭނީ ކާކަށްކަން ޔަގީންވާތީއެވެ. ނަވާލުގެ ހުންނަ ގޮތެއް ނާއިލުގެ ގަޔަކު ނެތެވެ. މޫނުމަތިން ކުޑަކޮށް ވައްތަރުގޮތެއް ހުއްޓަސް، ސްޓައިލްގެ ގޮތުން ނާއިލު އުޅެނީ މާފަހަތުގައެވެ. ނާއިލަށް ލިބުނީ އިތުރު ހިތްދަތިކަމެކެވެ. އޭގެ އިތުރުން އޭނާގެ ގާތަށް ރުޅިވެސް އައެވެ. އޭނާއަށް މިހެންވާންވީ ކީއްވެތޯ ސުވާލުކުރެވުނެވެ. އައި ރުޅިގަނޑު ޝަބާއަށް ބޭރުކޮއްލުމަށް އޭނާ ބޭނުންވިއެވެ. ނާއިލު މިހާރު ބޭނުންވަނީ ކޮންމެ ގޮތެއް ހަދައިގެން ނަމަވެސް ޝަބާ އޭނާ އާއި ދުރުކޮއްލުމަށެވެ. އެކަމަކު އެހެން ކަންތައްކުރުމަށް އޭނާގެ ޒަމީރު އެއްބަހެއް ނުވެއެވެ. ހިތް ޝަބާއަށް އެދޭކަންވެސް އެނގެއެވެ. އެކަމަކު ސިކުނޑީގެ ރުޅިވެރިކަން އިންތިހާއަށް ދަނީއެވެ. އަނެއްކޮޅުން އޭނާ ޝަބާ ދުރުކުރާވަރަކަށް، ޝަބާ ނާއިލު އާއި ގާތްވާން މަސައްކަތް ކުރާހެން ހީވެއެވެ.
އިރުއޮއްސި ނަމާދަށް ގޮވިފަހުން އެންމެން އެކުގައި އައިސް ގެއަށް ވަނެވެ. ޝަބާ އަވަސްވެގަތީ ނަމާދަށް އަރާލުމަށެވެ. ނާއިލު އިނީ ބޭރު ސިޓިން ރޫމުގައެވެ. އެހެންވެ އޭނާ ކޮޓަރިއަށް އަންނަންވާއިރަށް ޝަބާ ނަމާދުކޮއްލައިގެން ނުކުތެވެ. ދެނަމާދު ދޭތެރޭ ކިޔަވާލާންވެސް އޭނާ ހުރީ ބޭނުންވެފައެވެ. އެކަމަކު ނާއިލު ހިތްހަމަ ނުޖެހިދާނެތީވެ އޭނާ ކިޔެވީ ލީލާގެ ކޮޓަރީގައި އިނދެއެވެ. އެކަމާ ލީލާ ސުވާލެއް ނުކުރިއެއްކަމަކު އޭނާއަށް އެކަން ފާހަގަ ކުރެވުނެވެ. ލީލާ ހީކުރަނީ ޝަބާ ޤުރުޢާންކިޔަވާތަން އެހެން މީހުންނަށް ފެންނަން ބޭނުންނުވާތީ ހަދާގޮތެއް ކަމަށެވެ. އެއަށްވުރެ ބޮޑުއެއްެޗެއް ނަސީބަކުން ލީލާގެ ހިތަކަށް ނޭރިއެވެ. އެވެސް ﷲގެ ރަޙުމަތްފުޅުކަންނޭގެއެވެ.
ހެމުން ހެމުން ގެއަށް އައިސް ނީލްވަނީ ހަލީމު އާއިއެކުއެވެ. ސިޓިން ރޫމު ސޯފާ ދައްކާލަމުން ހަލީމަށް އިށީނުމަށް ނީލް ބުންޏެވެ.
“ދެން މިރޭ ކައިގެން އަހަންނާ މީކާ ގޮވައިގެންނު އެކޮޅަށް ދާނީ” ނީލް ބުންޏެވެ.
“އާން، އެހެން ހަދާލާނީ، އެކަމަކު އަދި ގެއަށް ވަދެލާފަ ދާނީ، އަންހެނުންގެ މޫނު ދެކިލާފައެންނު ދާންވާނީ” ހަލީމް ބުނެލިއެވެ.
“ހޫން، އެއްކަލަ ވާހަކަ ފަށަންވީދޯ، ބަލަ އަހަރެން މީހަކާ އިންނާނަމޭ، މުޅި އުމުރު މިހެން ހުސްހަށިބަޔަށް ހުރުމުގެ ޚިޔާލެއް އަހަރެންވެސް ނުކުރަން، އެދުވަހަކުން އަންހެނުން ގޮވައިގެން އަންނާނަން ހަލީމަށް ދައްކާލަން” ނީލް ހެވިފައި އިނދެ ބުންޏެވެ.
ރޭގަނޑުގެ ކެއުން ނިންމާލުމާއިއެކު ނީލް އާއި ހަލީމު ނުކުތީ ބޭރަށެވެ. މީކާ އެތަށްފަހަރަކު ނާއިލުގެ ގާތުން ކަމެއް ބޭނުންވޭތޯއެހިއެވެ. ނާއިލު ނޫނެކޭ ބުނުމުން އޭނާވެސް ހިނގައިގަތީ ނީލް އާއި އޭނާގެ ރަޙުމަތްތެރިޔާ އާއި ބައިވެރިވުމަށެވެ. މަހަށް ދެވޭތީވެ އެކަމާ ހިތްހަމަޖެހިލައިގެން ހުރެއެވެ. ޝަބާ ބާކީ ހުރި އެއްޗެހި ހޫނު ކުރުމަށް ލީލާއަށް އެހީވުމަށްފަހު އަވަސް އަވަހަށް ކޮޓަރިއަށް ދާން ހިނގައިގަތެވެ. މިރޭ އޭނާ ދެން އެއްގޮތަކަށްވެސް ކޮޓަރިން ނުނިކުންނަން ނިންމިކަހަލައެވެ. ކޮޓަރީގައި ހުންނަ ފެންޖަގުވެސް ފުރާލައިގެން ގެންގޮސް ކޮޓަރިއަށް ލިއެވެ. ނާއިލު ތަންކޮޅެއް ފަހުން އެއްޗެއް ކާލަން ބޭނުންވެދާނެކަމަށް މަތިޖެހިތައްޓަކަށް އާފަލާ އޮރެންޖާ އޭގެ އިތުރުން ވަޅިއެއްވެސް ކޮޓަރިއަށް ގެންގޮސްފިއެވެ.
“ލީލާ، އަހަރެން ދެން މިވަންނަނީ ކޮޓަރިއަށް، ނީލްބެ އެދިޔައީ ގޭގެ ތަޅުދަނޑި ހިފައިގެންނު، އެހެންވީމަ ގޭތެރެ ތަޅުލައިގެން އިންނާތި، މީހަކު އަޔަސް ނަވާލަށް ގޮވާލާފަ ނޫނީ ދޮރު ނުހުޅުވާތި އެނގޭ، ހަނދާންކޮށް ނިދަން ދަމުން ދޮރުތަށް ޗެކު ކޮއްލައްޗޭ” ޝަބާ ބަދިގޭގައި ހުރި ލީލާއަށް ބުންޏެވެ.
“ޝަބާ ނިދަން ދޯ ތިދަނީ” ލީލާ އަހާލިއެވެ.
“އާން، އެހެންވެ މިބުނީ އެކަން ކޮއްލައްޗޭ، މިރޭ ތަންކޮޅެއް ކުރިން ނިދާލަންވެގެން، ނީލްބެ އަންނާނެ އިރެއްވެސް ނޭނގެ، ލީލާވެސް ނިދި އައީމަ ގޮސް ނިދާލާ، އެމީހުން މަސްހިފައިގެން އައިސްފިއްޔާ ގޮވާނެ” ޝަބާ މިހެން ބުނެ ބަދިގެ އިން ނުކުތެވެ. ހަމަ އެހިނދު ޝަބާ ދިޔައީ ސިއްސައިގެންނެވެ. ފާރާ ނިވާވެގެން ހުރި ނަވާލުގެ ކުރިމައްޗަށް ޝަބާއަށް އެރުނީއެވެ.
“ހާދަ އަވަސް އަރުވާލާފަ” ނަވާލު މިހެން ބުނެ ޝަބާގެ އަތުގައި ހިފިއެވެ.
“އަތުން ދޫކޮއްލާ، ކޮޓަރިއަށް ދާންވެއްޖެ” ޝަބާ މަޑުމަޑުން ބުނެލިއެވެ. އޭރު އޭނާގެ ދެބުމަގޮއްޖެހިއްޖެއެވެ.
ނަވާލުގެ އަތުގެތޭރޭން އަތްދަމައިގަތުމަށް ޝަބާ އޭނާގެ ގަޔާކައިރިއަށް އަތްދަމައިގަތެވެ. އެހެންނަމަވެސް ނަވާލު ހުރީ ޝަބާގެ ފަރާތުން ފެނިދާނެ ކޮންމެ ހަރަކާތަކަށް ތައްޔާރަށްހެން ހީވިއެވެ. ކުރިއަށްވުރެ ބޮޑަށް ނަވާލު އޭނާ އާއި ޝަބާ ގާތް ކޮއްލި ވަގުތު ޝަބާގެ ވާތްތިލައިގެ ހޫނުކަން ނަވާލުގެ ކޯތާފަތަށް އިޙްސާސް ވެގެން ދިޔައެވެ.
“ކާކު…” ކުއްލިއަކަށް ބަދިގޭގެ ތެރެއިން ލީލާގެ އަޑު އައެވެ.
ބަދިގޭ ދޮރާ ދިމާލަށް ބަލާލި ނަވާލު އޭނާގެ ވާތު ކޯތާފަތުގައި އަތްހާކާލުމާއިއެކު ޝަބާގެ އަތުން ދޫކޮއްލައިފިއެވެ. އެހިނދު ދެފަޔަށް ލެވުނު ބާރެއްލާފައި ކޮޓަރި އާއި ދިމާލަށް ޝަބާ ދުއްވައިގަތެވެ. ނަވާލުވެސް އެތަނުގައި މަޑުކުރުމެއްނެތި ބަދިގޭ ދޮރު ހުރަސްކޮއްލުމާއިއެކު ސިޓިން ރޫމަށް ނުކުތެވެ.
“ނަވާލުތަ… ކަމެއް ބޭނުންވީތަ” ބަދިގޭ ދޮރުމައްޗަށް އެރި ލީލާ އަހާލިއެވެ.
“ނޫން، ލީލާ ތިކުރާ ކަމެއްކުރަން ދޭ، އަދި ބުނަން، އަހަރެން މިރޭ ހޭލާ އުޅޭނަން ތުއްތޮން އަންނަން ދެން، އެހެންވީމަ ލީލާ ހޭލާ ހުންނާނެ ކަމެއްނެތް، ތިކުރާ ކަމެއް ނިންމާފަ ކޮޓަރިއަށް ދޭ” ނަވާލުގެ އަޑުވަނީ ބަދަލުވެފައެވެ. ހީވީ ލީލާއަށްވެސް އަމުރުކޮއްލިހެންނެވެ. ހައިރާންކަން ވެރިވި ލީލާ އަނެއްކާވެސް ބަދިގެއަށްވަދެ ހުސްފުޅިތަކަށް ފެންއަޅާ އައިސް އަލަމާރިއަށް ލާން ފެށިއެވެ. ނަވާލުގެ ވާހަކަ ހުރިގޮތުން އޭނާ ފޫހިވެސް ވިއެވެ. ކުރިން ނިންމައިގެން ހުރީ ހުރިހާ މަސައްކަތެއް ނިންމާލާފައި ސިޓިން ރޫމުގައި ޓީވީ ބަލާލަން އިނދެފައި ކޮޓަރިއަށް ދާށެވެ. ނަމަވެސް މިހާރު އެނިންމުން ބަދަލުވެއްޖެއެވެ. އޭނާއަށް ނުކުމެވުނު އިރު ނަވާލު ނޫން މީހަކު ފެންނަން ނެތުމުން އިވުނު އަޑަކީ ކިހިނެއް އައި އަޑެއްކަމެއް ލީލާގެ ވިސްނުމަކަށް ނައެވެ.
އެނދުގައި އޮތް ނާއިލަށް ބޭއިޙްތިޔާރުގައި ކޮޓަރީގެ ދޮރުގެ ތަޅުގައި މީހަކު ހިފި އަޑާއިއެކު ބަލާލެވުނެވެ. ކޮޓަރިއަށް ވަން ޝަބާ ފެނި އޭނާ އަވަސް އަވަހަށް މޫނު އަނެއްފަރާތަށް އަނބުރާލިއެވެ. ޝަބާ ކޮޓަރިއަށް ވަދެ ދޮރު ތަޅުލިއެވެ. އަދި އެކޮޓަރީގައި ހުރި ގޮނޑީގައި އައިސް އިށީނެވެ. ނާއިލު އޭރު ނުނިދާނެކަން ޝަބާއަށް އެނގެއެވެ. އެހެންވެ އެނދުގައި އިށިންނަން ހިތަށް އަރާފަވެސް ޚިޔާލު ބަދަލުވީއެވެ. އޭރު ޝަބާގެ ދެލޮލުގައިވެސް ނިދީގެ އެއްވެސް އަސަރެއް ނެތެވެ. ބާރަށް ތެޅެމުންދިޔަ ހިތްވެސް ގޮނޑީގައި އިށީނުމާއިއެކު ހަމައަކަށް އެޅިއްޖެއެވެ. އަވަސްވެފައި ހުރި ނޭވާ، ފުންނޭވާއަކުން ބޭރުކޮއްލުމާއިއެކު ޝަބާ ދެލޯ މަރާލާފައި ހުޅުވާލީ މީހާ ހަމަޖެހިލުމަށެވެ.
މަޑުމަޑުން އޮތް ނާއިލުގެ ހިތުގައި ޝަބާ ކޮއްޓަން ފަށައިފިއެވެ. މާގިނައިރަކު މޫނު އަނބުރާލައިގެން ނޯވެވުނެވެ. އޭނާ ބަލާލިއިރު ޝަބާ ފޮތްހަރުގަނޑު ކައިރީ ހުރި ގޮނޑީގައި އިށީނދެގެން އިނެވެ. އެއްވެސް ކަމެއް އޭނާ ނުކުރެއެވެ. ނާއިލާއި ދިމާލަށް ނުވެސް ބަލައެވެ. ހަމައިނީއެވެ. ކަމަކާމެދު ވިސްނަނީބާއޭ ނާއިލުގެ ހިތަށްއެރިއެވެ. ނަމަވެސް ގޮވާލަން ބޭނުންވެފަ އެކަމަކު އެކަމާ ދެކޮޅު ހަދަހަދާ އޮވެވުނީއެވެ.
ސިޓިން ރޫމު ސޯފާގައި ނަވާލުގެ ހަށިގަނޑު ދަމާލީ ކޮޅަށް އިނދެ އިނދެ ވަރުބަލިވެގެން ކަންނޭގެއެވެ. ހުޅުވާފަ ހުރި ޓީވީ އިން ފެންނަނީ އޭނާ އާމުކޮށް ބަލާ ޗެނެލްކަމަށްވާ ނެޝެނަލް ޖޮއޮގްރަފިކްގެ މަންޒަރުތަކެވެ. މާލޭގައި ނަވާލުގެ ގޭގައި ހުންނަ ފަދަ އަރާމު އަގުބޮޑު ސޯފާއަކަށް ނުވިޔަސް އޭނާ ސޯފާ އާއި އެއްވެސް ޝަކުވާއެއް ނުކުރެއެވެ. އެލަކުޑި ސޯފާގެ އަތްގަނޑުގައި ބޯއަޅައިލައިގެން ޓީވީ އާއި ދިމާލަށް ނަޒަރު ހުއްޓާލައިގެން އޮތްއިރު އޭނާގެ ސިކުނޑީގައި ޚިޔާލުތައް ދަތުރުކުރަމުން ދިޔައީ ދެވަނަ އިންސާނަކު ހީވެސް ނުކުރާނޭފަދަ ބާރުމިނެއްގައި، ވަރަށް ދުރަށެވެ. ޝައިތާނާ ހުރީ އޭނާގެ ސިކުނޑިއަށް ނިކަން ރަނގަޅަށް ސަވާރުވެފައެވެ. ހަތަރުފަރާތުން މީހާ ބައްދާލާފައިވަނީ އަލިކަމުގެ ޒަރެއްގެ މިންވަރުވެސް ނަވާލާއި ހަމައަށް ނުފޯރާނޭހެންނެވެ. މޭމަތީ ބާއްވާލެވިފައި އޮތް ދެއަތުން ވައަތް ހިއްލާލާފައި އަތުކުރީ އޮތް ގަޑިއަށް ބަލާލިއެވެ. ގަޑިން ބާރަ ޖަހަން އުޅެނީއެވެ. ޗޮކެއް ކަނޑާލުމާއިއެކު ތުންފަތަށް ވައްތަރެއް ޖައްސާލިއެވެ. އެވަރުން ހިތްހަމަ ނުޖެހުނީ ކަންނޭގެއެވެ. ސިޓިން ރޫމުގެ ފާރުގައި ހަރުކޮށްފައި ހުރި ގަޑިއަށްވެސް ބަލާލައިފިއެވެ. އެއްފައިތިލާގައި އަނެއްފައިތިލަ އަޅުވާލައިގެން އޮވެ ވާތު ފައިތިލަ ތަޅުވަން ފަށައިފިއެވެ. ނުބައި ޚިޔާލުތަކުން ފުރެމުން އައި ނަވާލު ހީވީ އިބިލީހަށް އުދޯލި ހެއްލައި ދޭން ފެށިހެންނެވެ. އެއްވަރަކަށް ފައިތަޅުވާލަ ތަޅުވާލަ އޮތް އިރު ނިތްކުރިން ކުޑަކޮށް ދާތިކި ހިލޭގޮތްވެއްޖެއެވެ. މަޑުމަޑުން އަތުގެ ނުފުށުން ނިތްކުރި ފޮހެލައެވެ.
(ނުނިމޭ)