“އަހަރެން ކައިރީ ވަންނާކަށްވެސް ނުބުނާނަންތަ” މޯނާ ބުނި އެއްޗެއް އަޑުނީވޭ ކަމަށް ހަދައި ޝަބާ ދެންވެސް މަސައްކަތް ކުރީ ވާހަކަ ކުރިއަށް ގެންދެވޭތޯއެވެ.
“އާން، ނުބުނާނަން ވަންނާކަށް، ދޭ މިތަނުން، މިގޭންވެސް ނުކުމޭ… މިހުރިހާ ކަމެއް މިވީ ޝަބާގެ ސަބަބުން” މޯނާ އެނދުމަތިން ކުޝަންއެއް ނަގާ ދޮރުމަތީ ހުރި ޝަބާ އާއި ދިމާލަށް ހޫރާލިއެވެ. ޝަބާގެ ބަނޑުގައި އައިސް ޖެހިދާނެތީވެ އެދިމާލަށް އަތް ހުރަސްކޮއްލެވުނީ ސިހިފައެވެ. އެވަގުތު ބަނޑުގައި އޮތް ދެކުދިންގެ ތެރެއިން އެއްކުއްޖަކު ތޮޅިލިއެވެ. ދޮރުފަތުގައި އަތްޖައްސާލުމާއިއެކު އަނެއްއަތުން ބަނޑުގައި ހިފަހައްޓާލެވުނު ޝަބާ ހުރީ ހުއްޓުން އަރާފައި ހުރި މީހަކު ހެންނެވެ. ރުޅި އައިސްފައި ހުރި މޯނާއަށް މިމަންޒަރު ފެނުމުން ހީކުރީ އޭނާ އެއްލި ކުޝަންއިން ޝަބާގެ ބަނޑުގައި ޖެހި ތަދުވެފައި ހުރީކަމަށެވެ. އިރުކޮޅަކު ބަލަން ހުރެފައި އަވަސް އަވަހަށް ގޮސް ޝަބާގެ ކޮނޑުގައި މޯނާ ހިފާލިއެވެ.
“ކިހިނެއްވީ، ތަދުވަނީތަ… ޖެހުނީތަ… ސޮރީ” މީގެ ކުޑަކުޑަ އިރުކޮޅެއް ކުރިން ރުޅި އައިސް ރަތްވެފައި ހުރި މޯނާގެ ފަރާތުން ޝަބާއަށް ފެނުނީ އޯގާތެރިކަމެވެ. އޭނާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. މަޑުމަޑުން މޯނާގެ އަތް ގެނެސް ބަނޑުގައި ޖައްސާލުމާއިއެކު ކުޑަދަރިފުޅުގެ ފައިން ކޮއްޕާލިކަމުގެ އިޙްސާސް ވެގެން ދިޔައެވެ. މޯނާ ދިޔައީ ސިއްސައިގެންނެވެ. ޝަބާއަށް އޭނާ ބަލާލީ ހިނިއައިސްފައި ހުރެއެވެ. އެހެން ނަމަވެސް ހިނދުކޮޅެއްގެ ތެރޭ މޯނާގެ މޫނުމަތިން އެހިނިތުންވުން ފިލައިގެން ދިއުމާއިއެކު އޭނާ ކޮޓަރި ތެރެއަށް ހިނގައިގަތެވެ.
“މޯނާ…” ޝަބާ ގޮވާލިއެވެ.
“ޝަބާ ކީއްކުރަން ތިއައީ” މަޑުމޮޅި ކަމާއިއެކު އެނދުގައި އިށީނދެގެން އިން މޯނާ އަހާލިއެވެ. އެއާއިއެކު ޝަބާ އައިސް މޯނާގެ ގާތުގައި އެނދުގައި އިށީނެވެ.
“މޯނާ، އަހަރެން އަސްލު މިއައީ މޯނާ ބަލާ، މަންމަ ދެރަވެގެން މޯނާގެ ވާހަކަ ނުދައްކާ އެންމެ ދުވަހެއްވެސް ނުދޭ، ނަވާލުވެސް ހުންނަނީ ދެރަވެފަކަން ޔަގީން، ކަންތައްވީގޮތުން އޭނާ އެހުންނަނީ އަހަންނާ ވާހަކަދައްކަން ނުކެރިފަ، ދެން އޭނާ އެމަޑުކުރަނީ މޯނާގެ ފަރާތުން އިޝާރާތެއް ލިބޭތޯ ކަންނޭގެ، މޯނާ… އަހަންނަށް އެނގޭ މޯނާ ނަވާލުދެކެ ލޯބިވާކަން، ތީ އެހާ ހިތްހަރު ކުއްޖެއް ނޫންް، ވީކަމެއް ވީތާ، އަހަރެން މޯނާދެކެ ރުޅިއެއް ނާންނަން، މޯނާއަށް އެނގޭތަ، އަހަރުމެން އަންހެނުން ރަނގަޅުވެއްޖެއްޔާ އަހަރުމެންގެ ފިރިންވެސް ރަނގަޅުވާނެ، އަބަދުވެސް ބަލަންވާނީ އެމީހުންނަށް ބޭނުންވާ ހުރިހާ ކަމެއް ކޮއްދެވޭތޯ، މޯނާއަކީ ވަރަށް މޮޑާރންކޮށް އުޅެމުން އަންނަ އަންހެން ކުއްޖެއްކަން އަހަންނަށް އެނގޭ، އެކަމަކު ތިރީތި ކަން ހަމައެކަނި ފިރިމީހާއަށް ނޫން މީހަކަށް ނުފެންނާނެކަމުގެ އިތުބާރު ދުލުން ނުބުންޏަސް ފިރިމީހާއަށް ލިބޭނެ ދޯ އެފަދަ ގޮތަކަށް އަހަރުމެންގެ ހެނދުން އެޅުން ބަހައްޓާނަމަ، އަނެއްކާ އަހަރުމެންނަކީ މުސްލިމުންނަށްވީތީ، ވަކިގޮތަކަށް އުޅުމަށްވަނީ އަންގަވާފަ، ޚާއްޞަކަން ދޭންވީ ކަންތައްތަކެއް އެބަހުރި، ތިމާޔާ ތިމާ އުޅޭތަނަކީ ވަރަށް ސާފުތާހިރު ތަނަކަށް ވާން އެބަޖެހޭ، އަބަދުވެސް ރީތިވެލައިގެން ހުރެ ފިރިމީހާ އާއި ބައްދަލު ކުރާނަމަ އޭނާގެ ލޯބި އިތުރުވެގެން ދާނެ، ބޭރުގައި ރަޙުމަތްތެރިންނާއިއެކު ވަގުތު ހޭދަކުރުމަށްވުރެ ފިރިމީހާއަށް ވަގުތު ދިނުން މުހިންމު، ކޮންމެ މީހަކަށްވެސް ކުއް ކުރެވޭނެ، އެކަމަކު އެކަން އެނގުމުން ރުޅި އައުމުގެ ބަދަލުގައި އިސްލާހުވެ ކުރިމަގު ރަނގަޅުކުރުމަށް ގަސްދުކޮށް އަލުން އާފެށުމަކުން ފަށަންވީ…” ޝަބާގެ ވާހަކަ މެދުކެނޑުނީ މޯނާ އޭނާގެ އަތުގައި ހިފާލުމުންނެވެ.
“ޝަބާ، އަހަރެން ގޯސް ކަމުން ކޮންކަމެއްތަ ކުރީ، ނަވާ އެހެން އުޅެންވީ ކީއްވެ” ފެންކަޅިވެފައިވާ ދެލޮލުން ޝަބާއަށް ބަލާލަމުން މޯނާ ބުންޏެވެ.
“އަނބިމީހާގެ މައްޗަށް ފިރިމީހާއަށް ހައްޤުތަކެއް ވާއިރު، ފިރިމީހާގެ މައްޗަށް އަނބިމީހާއަށްވެސް ހައްޤުތަކެއްވޭ، ނަވާލަށް ވިސްނާދޭން ހުރީ މޯނާ، ފިރިމީހާގެ ޢައިބުތައް ފޮރުވާންދޭންވެސް ހުރީ މޯނާ، ކެތްތެރިކަމާއި ރުޅިމަޑުކަމާއިއެކު ނަވާލު އާއި ވާހަކަދެއްކުމަކީ މޯނާގެ ޒިންމާއެއް، މޯނާ ވިސްނާލަބަލަ، ކައިވެންޏަކީ ހަމައެކަނި ޖިންސީ އެދުންވެރިކަން ފުއްދާލުމަށްޓަކައި ކުރެވޭ ކަމެއްނޫން، ކައިވެންޏަކީ ދިރިއުޅުމަށް އެޅޭ އެންމެ މުހިންމު ބިންގާ، އެހެންކަމުން އެބިންގާ ސީދާކޮށް އެޅުމަކީ ވަރަށްވެސް މުހިންމުކަމެއް، ކައިވެންޏެއްގެ ބޭނުމަކީ ޢާއިލައެއް އުފައްދާ ހެއުލަފާ ދަރިންތަކެއް ތަރުބިއްޔަތު ކުރުން، ކައިވެންޏެއްގެ މަޤުޞަދަކީ ދެމަފިރިން އެކަކު އަނެކެއްގެ ޒިންމާތަކަށް ރައްކާތެރިވެ އުފާވެރި ހަމަޖެހޭ ޢާއިލައެއް އުފެއްދުން، އިންސާނީ ދަރިފަސްކޮޅު ހެޔޮ ގޮތުގައި އިތުރުވެ ދެމިއޮތުމަށް ޝަރުޢު ކުރައްވާފައިވާ މަގަކީ އެއީ، އެމަގުން ޢާއިލާތައް އުފެދި ޢާއިލާތަކުގެ ގުޅުން އެކުލެވި ބަދަހިވެގެންދާނެ، އިސްލާމަދީނުގައި ކައިވެނި ޝަރުޢު ކުރައްވާފައިވަނީ ވަރަށް ބޮޑު މަތިވެރި ޙިކުމަތް ތަކަކަށްޓައި، އެގޮތުން ޖިންސީ އެދުން އެންމެ ރައްކާތެރި ރިވެތި ގޮތުގައި ފުއްދުމަށް މަގުދެއްކުމާއި، އިންސާނީ ނަޞްލު ރައްކާތެރިކުރުމާއި، ބަފާވަންތަކަމާއި މައިވަންތަކަމުގެ އިޙްސާސަށްޓަކަ އާއި، ކައިވެނި ކުރުމުން އިންސާނާގެ ފިކުރިއްޔާތައް އަންނަ ބަދަލުތަކަށް އިންސާނާ ދީލާލުމަށާއި، ގޭތެރޭގެ ކަންކަން ފުރިހަމަ އުޞޫލަކުން ތަރުތީބު ކުރުންފަދަ ޙިކްމަތްތަކަކަށްޓަކައި، ކައިވެނީގެ މަޤުޞަދުތައް ޙާޞިލްކުރުމަށްޓަކައި ކައިވެންޏެއް ކުރުމުގެ ކުރިންނާއި، ފަހުން ވިސްނަންޖެހޭ ކަންތައްތަކުގެ ތެރޭގައި، ކައިވެނި ކުރުމަށްފަހު ދެމަފިރިން ކުރެ އެކަކު އަނެކަކަށް، ޙައްޤުތަކަކާއި ޒިންމާތަކެއް ކަނޑައެޅިގެންދޭ، ދެމަފިރިން، އެކެއް އަނެކެއްގެ ޙައްޤުތައް ހެޔޮ ގޮތުގައި ބޭނުންކޮށް ޒިންމާތައް ފުރިހަމައަށް އަދާކުރުމަކީ ކައިވެންޏެއްގެ ފޮނިމީރުކަން ލިބުމަށް ވަރަށް މުހިންމު ކަމެެއް، އަހަރެން ބޭނުންވަނީ އެފަދަ ޒިންމާދާރު އަންބެއްގެ ގޮތުގައި މޯނާ ދެކެން، ހެޔޮލަފާ ތެދުވެރި ހިތެއް ލިބިފައިވާ ފަރާތަކަށް މިހެން އުޅުމަކީ އެއްވެސް ދަތި ކަމެއްނޫން، މޯނާއަކީ އެފަދަ ހިތެއް ލިބިފައިވާ އަންހެން ކުއްޖެއް، އަހަރެން މިދެއްކި ވާހަކަތައް ޤަބޫލު ކުރަންތަ” ޝަބާ، މޯނާއަށް ހިނިތުންވެލިއެވެ. އޭރު މޯނާގެ ދެލޮލުން އެއްވެސް ހިފެހެއްޓުމެއްނެތި ކޯތާފަތުން ލާފައި ގޮސް އޭނާގެ އުނގުގައި ފޮރުވެމުންދިޔަ ކަރުނަތައް ލައިގެން އިން ޖިންސު ފޯކުރަމުންދިޔައެވެ. އަދި އަވަސް އަވަހަށް ބޯޖަހާލީ ޝަބާގެ ވާހަކަތައް ޤަބޫލު ކުރެވުނީތީއެވެ.
“ޝަބާ ކީއްވެތަ ތިހާ ރަނގަޅީ، އަހަރެން ދުވަހަކުވެސް ނުދެކެން ޝަބާ ކަހަލަ އަންހެން ކުއްޖެއް، މިހާރު ހިތަށް އަރާ އަހަންނާއި ތަންކޮޅެއް ކުރިން ޝަބާ އާއި ދިމާވި ނަމައޭ، އޭރުން ޔަގީނުންވެސް އެނގުނީސް މިއުޅެވެނީ ރަނގަޅަކަށް ނޫންކަން، ފިރިމީހާގެ ލޯބި ހޯދާނެ ގޮތްވެސް އެނގުނީސް… ނަވާ ދެކެ އަހަރެން ވަރަށް ލޯބިވޭ، އެހާ ލޯބިވާތީ މިހިތަށް އެވަރަށް ތަދުވަނީ، މި އިޙްސާސް ކުރެވޭ ތަދާ ވޭނުގެ ސަބަބުން އަހަރެން ގެއަށް ބަދަލުވީވެސް، ނަވާ ފެންނަ ކޮންމެ ފަހަރަކު އަހަންނަށް ހީވަނީ އޭނާ ބޭނުންވަނީ އަހަންނާ ވަކިވާށޭ، އަހަރެންދެކެ ކުޑަކޮށްވެސް ލޯތްބެއް ނުވެޔޭ… ޝަބާ، ތިހާ ރީތިކޮށް އުޅެން އަހަންނަކަށް ނޭނގޭ، އަހަރެން ބޮޑުވެގެން އައި އިރު އަހަރެންގެ މަންމައެއް ނުހުރޭ، ދޮންމަންމައަކީ ގޯސް މީހެއް ނޫން، އެކަމަކު ދޮންމަންމަ އަކީ މިނިވަން ޚިޔާލުތަކެއްގެ މީހެއް، އަހަންނަށް ބޮޑުވަމުން އައި އިރު ނަމާދު ކުރާކަށް ދަހެއް ނުކޮއްދޭ، ކިޔަވާ ނިންމީ ރާއްޖޭން ބޭރުގައިކަމަށްވާތީ ދީނީ ޢިލްމަކީ ކޮބާކަމެއް މާބޮޑަކަށް އަހަންނަކަށް ނޭނގޭ، އެކަމަކު އަހަރެން ދަސްކުރަން ބޭނުން، ޝަބާ ކަހަލަ، ނަވާ މަންމަ މެންގެ ޤަދަރު ލިބިގެންވާ ދަރިއަކަށް ވާން އަހަރެންވެސް ބޭނުން… އަހަންނަށް ދަސްކޮއްދޭނަންތަ، ޕްލީޒް… ޝަބާ އަހަންނަށް އެކަން ކޮއްދޭނަންތަ” މޯނާ ރޮމުން ނޭފަތް ދަމަ ދަމާފައި ވާހަކަދެއްކިއެވެ.
“ގޭގެ ދޮށީ ޅީދަރިފުޅަކީ އަހަރެން، އެހެންވެ މިއަދުން ފެށިގެން އަހަރެން ދެކެނީ މޯނާ ތީ އަހަރެންގެ ކޮއްކޮ ކަމުގައި، ނާއިލުގެ ކޮއްކޮގެ އަންހެނުންނަކީ އަހަރެންގެވެސް ކޮއްކޮއެއް، އުމުރުގެ ފަރަގަށް ބަލާނެކަމެއްނެތް، މިއަދުން ފެށިގެން އަހަރެންގެ ކޮއްކޮގެ ޒިންމާ އަހަރެން ނަގައިފިން، އަހަންނަށް އެނގިފައި ހުރި މިންވަރަކުން މޯނާއަށް ކަންކަން ދަސްކޮއްދޭނަން، އިރާދަކުރެއްވިއްޔާ އެނބުރި ދާނީ މުޅިން ތަފާތު މޯނާއެއް” ހިތްވަރު ދިނުމުގެ ހިނިތުންވުމަކާއިއެކު ޝަބާ ބުނެލިއެވެ. ދެން ފެނުނީ ކުއްލިއަކަށް ޝަބާގެ ގައިގާ މޯނާ އޮޅުލައިގަތް ގޮތަށް ކުރިއަށް ވުރެވެސް ބޮޑަށް ރޯން ފެށިތަނެވެ. ހިނިއައިސްފައި އިން ޝަބާ މަޑުމަޑުން މޯނާގެ ބުރަކަށީގައި ފިރުމަމުން ދިޔައެވެ.
ބޭލި ޓީޝާޓު ސޯފާމައްޗަށް އެއްލާފައި އަލަމާރިން ދެވަނަ ޓީޝާޓެއް ނަވާލު ނެގިއެވެ. އަދި ޓީޝާޓު ގަޔަށް ހެޔޮވަރު ކޮއްލުމާއިއެކު ކޮޓަރިން ނުކުމެގެން ސިޑި އާއި ދިމާލަށް ހިނގައިގަތެވެ. ނީލް ފޯނެއްގައި ހުރެގެން ކޮޓަރިން ނުކުތީ އެވަގުތުއެވެ. އެތަން ފެނި ނަވާލު ޖެހިލުންވެ ސިހޭ ގޮތް ވިއެވެ. ނީލްގެ ކުރިއަށް އަރައިގެން ދާކަށް އޭނާއަކަށް ނުކެރުނެވެ. އިސްޖަހާލި ގޮތަށް ދެފައި ކާތަމުން ކަހަލަ ގޮތަކަށް ނީލްގެ ފަހަތުން ހުރެ ސިޑިން ފައިބައިގެން ދިޔައެވެ. ނީލްވެސް، އޭނާއަށް ނަވާލު ފެނުނު ކަމަކަށް ނުހެދިއެވެ.
“ޝަބާއަށް އެނގިއްޖެއްޔާ ވާނީ ކިހިނެއްބާ، އޭނާ އުފާވާނެބާ… ކީއްވެ އުފާ ނުވާންވީ، ޝަބާ، އަބަދުވެސް އަހަންނަށް ފެންނަ ހިސާބުގަ އުޅޭނަމަ، ކީއްކުރަންތަ މޯނާ ގާތަށް ތިދިޔައީ، ހާދަ އިރެއްވެއްޖެއްޔޭ ދިޔަފަހުން، ދެން އާދޭ ޝަބާ، އަހަންނަށް ކެތެއްނުވާނެ ދެނެއް، ބަލާ ދާންވީތަ… ސާބަސް، ޝަބާ އެދިޔައީ ނާންނަ ގޮތަކަށް ނޫނޭ، މަގޭ މޮޔަކަންވެސް ދޯ، އަދި އެހާ އިރެއްވެސް ނުވެޔޭ، އެކަމަކު ހިތަށް މިވާ ގޮތެއް، ޝަބާ ފެނުނީމަ މިހިތަށް އެލިބޭ ހިތްހަމަޖެހުން ބަޔާންކުރާނީ ކިހިނެއްކަމެއް ޚުދު އަހަންނަށްވެސް ނޭނގޭ، އަހަރެންގެ އެއް އަތް ކޮންމެވެސް ވަރަކަށް ހަރަކާތް ކުރެވެން ފެށިކަން ޝަބާ ކައިރީ އަދި ނުބުނާނަން، ކުއްލިއަކަށް އަހަރެންވެސް ހީވެސް ނުކުރާފަދަ އަވަހަށް މި ރަނގަޅުވަނީ، ޝަބާ އަހަރެންގެ ދިރިއުޅުމަށް ނައިނަމަ މިއިން އެއްވެސް ކަމެއް ނުވާނެކަން ޔަގީން، އެހެންނޫންނަމަ އަދިވެސް އަހަރެން އޮންނާނީ ކުރީގަހެން ހަރަކާތެއްނެތް މަސްގަނޑެއްހެން، އޯ ޝަބާ، ތިފަދަ ޚާއްޞަ އަންހެން ކުއްޖަކު އަހަންނަށް ލިބުނީތީ ޝުކުރުވެރިވަން… ތި ލޯބި ލޯބި ތުންފަތުން ހީލާގޮތުން މުޅި ދުވަސް ބަދަލުވެގެންދޭ، ތިދެލޮލުގެ ވިދުމުން އަހަރެންގެ ހަޔާތް އުޖާލާވެގެން ހިނގައްޖެ، ހިލަވަމުން އައި އަހަރެންގެ ހިތުގައި ލޭދައުރު ކުރަން ފަށައިފިކަން ގައިމު، ފެންނަ ކޮންމެ ފަހަރަކު ލޯބިން ގެނެސް މިއަތުގެ ތެރެއަށް ލާން ބޭނުން، މިއަތުގެ ތެރޭ ތިހަށިގަނޑުގެ ހޫނުގައި ވިރެމުންދާން އަހަރެން ބޭނުން، ހަށިގަނޑުގައި ޖަހާލާ ކޮންމެ ވިންދެއްގައިވަނީ ތިޔަ ނަން، އަހަރެންގެ ހަށިގަނޑު ދިރިހުންނަން މަސައްކަތް މިކުރަނީ ހަމަ ޝަބާއަށްޓަކައި، އަހަރެންދެކެ ލޯބިވާނަންތަ، އަހަރެން ޝަބާގެ ދުނިޔެ އުފަލުން ފުރާލަ ދޭނަން، ދުވަހަކުވެސް ތިޔަ ދެލޮލުން އުފާވެރިކަމުގެ ކަރުނަ ނޫނީ ފެނުނަކަ ނުދޭނަން، އާން… އަހަންނަށް ހަމަ ރަނގަޅަށްވެސް ޝަބާދެކެ ލޯބި ވެވިއްޖެ، ވަރަށް ބޮޑަށް ލޯބި ވެވިއްޖެ، ތިފަދަ ޤަދަރަކާއި ލޯތްބެއް ދެވަނަ އިންސާނެއް ދެކެ އަހަންނަށް ނުވެވޭނެހާ ލޯބި ވެވިއްޖެ، އަހަރެން މިހާލުގައި ވަނިކޮށްވެސް އަހަރެންގެ ދަރިންގެ މައްޗަށް ރައްކާތެރިވާތީ އަހަރެން މިއަދު ވަކިން އުފާވޭ، އެކަމަކު ދެރަވެސް ވޭ ޝަބާގެ އަމިއްލަ އަރާމަށްވުރެ އަހަރެންގެ ކަންތައްތައް އިސްކުރާތީވެ، އަދި އަހަންނަށް ޝަބާއަށް އަޅާނުލެވޭތީވެ، އެންމެ ކުޑަމިނުން ތި ލޯބި ލޯބި ބަނޑުގައި ފިރުމާވެސް ނުލެވޭ، ޝަބާ… ތިހުރިހާ ކަމެއް ތިކޮއްދެނީ އަހަރެންދެކެ ޝަބާ ލޯބިވާތީތަ…” އެނދުގައި ދެލޯ މަރާލައިގެން އޮތް ނާއިލުގެ ހިތް ވާހަކަދެއްކިއެވެ. އޭނާގެ ދާދި ގާތުގައި މީކާ އިނީ ނާއިލުގެ ފުރޮޅުލީ ގޮނޑީގައި އިށީނދެގެން އާރޗީ ކޮމިކެއް ކިޔާށެވެ. ނާއިލު ލޯމަރައިގެން އޮންނަތާ ގިނަ އިރު ވުމުން މީކާ ހީކުރީ ނާއިލަށް ނިދުނީ ކަމަށެވެ.
މީހަކު ދޮރު ހުޅުވާލި ތަން ފެނުމާއިއެކު މީކާ ގޮނޑިން ތެދުވިއެވެ. ނާއިލުވެސް ދެލޯ ހުޅުވާލީ ހަމަ އެވަގުތުއެވެ. މީކާއަށް ވެފަ ހުރިގޮތުން ނާއިލަށްވެސް ބަލާލެވުނީ ކޮޓަރީގެ ދޮރާ ދިމާލަށެވެ. ދޮރުމަތީގައި ނަވާލުވެސް ހުރީ ހާސްވެފައި ހުރި ފަދަ ގޮތަކަށް ނާއިލަށް ބަލަހައްޓައިގެންނެވެ. ތިން މީހުން އެކަކު އަނެކަކަށް ބަލަމުންދިޔައެވެ. އެކަކުވެސް ކުރިން އެއްޗެއް ބުނަން ބޭނުން ނުވާ ކަހަލައެވެ. އެއްޗެއް ބުނަން ނަވާލު އުޅެފަވެސް ނާއިލުގެ މޫނުމަތިން ފެންނަމުން ދިޔަ ނުރުހުމުގެ ސަބަބުން އޭނާގެ ހިތްވަރު މުޅިން އެލި އަވަސް އަވަހަށް މޫނު އަނބުރާލަމުން އެކޮޓަރިން ނުކުތެވެ.
“ބީބީ… އަހަރެން ބުނަން ބޭނުން، އެކަމަކު… ދިސް އިޒް އީޓިން މީ އަލައިވް” ނާއިލުގެ ކޮޓަރި ބޭރުގައި ހުރެ ނަވާލު އޭނާގެ ބޮލުގައި ދެއަތުން ހިފަހައްޓާލިއެވެ.
ޝަބާ، މޯނާގެ ގާތަށް ދިޔަތާ ދެ ހަފްތާ ފަހެވެ.
މެންދުރުގެ ކެއުމުގައި އެންމެން ބައިވެރިވުމަށް ކާމޭޒު ދޮށުގައި ތިބި އިރު ޝަބާ ފެންނާކަށް ނެތެވެ. ނާއިލު ކާމޭޒު ދޮށަށް ގެންދިޔައީ މީކާއެވެ. އޭނާ ނާއިލަށް ކާން ތައްޔާރު ކުރަން ފެށުމުން ސަމީރާ ވަރަށް ހައިރާންވިއެވެ.
“ޝަބާ ކޮބާ، އޭނާ ރަނގަޅުތަ” ސަމީރާ ކަންބޮޑުވެފައިވާ ރާގެއްގައި އަހާލިއެވެ.
“މިހާރު އަންނާނެ، ގެ އާއި ވަރަށް ކައިރިވެއްޖެޔޭ ބުނި” ނާއިލު ދިން ޖަވާބުން ސަމީރާ އިތުރަށް ހާސްވިއެވެ.
“ޝަބާ ގެއަކު ނެތްތަ، ކޮންތާކަށް ދިޔައީ، އޭނާ އެކަނި ތަންތަނަށް ދާން ނާއިލު ޤަބޫލު ވީ ކީއްވެ” ސަމީރާ ކަންބޮޑުވި ވަރުން އެނާ އަށް އިނދެވުނީ ކާމޭޒު ދޮށުގައިކަންވެސް ހަނދާނެއް ނެތެވެ.
“މުހިންމު ކަމެއް ޖެހުނީތަ” އަސްލަމަށް ސަމީރާ ކަންބޮޑުވިވަރު ފެނިލެއްވުމާއިއެކު އައްސަވާލެއްވުނެވެ. ސަމީރާގެ ގާތުގައި އިން ޝަރުމީލާ އަވަސް އަވަހަށް އެންމެނަށް ނަޒަރު ހިންގާލީ ކަމެއްވާން އުޅެނީބާއޭ ހިތާއެވެ. ހަމަ އެވަގުތު…
“މަންމާ…” ޝަބާގެ އަޑު ކާކޮޓަރީގެ ދޮރުމަތިން އިވުނެވެ. ކާމޭޒު ދޮށުގައި ތިބި އެންމެނަށް އެދިމާލަށް ބަލާލުމަށް އެނބުރެވުނެވެ. އޭރު ޝަބާ އާއިއެކު ކާކޮޓަރީގެ ފުޅާ ދޮރު މަތީ ހުއްޓިލައިގެން ހުރި އަންހެން ކުއްޖާ ފެނި އެންމެން ހައިރާންވެ އަންތަރީސް ވިއެވެ. އަސްލަމް ކާން ނެންގެވި ސަމްސަލަމުން ޖޫސްތަށީގައި ޖެހުނުއިރުވެސް އެނގިއެއް ނުލެއްވިއެވެ. ސަމީރާއަށް އިންތަނުން ތެދުވެވުމާއިއެކު އައިސް ޝަބާގެ ގާތުގައި ހުރި އަންހެން ކުއްޖާގެ ގާތުގައި ހުއްޓިއްޖެވެ. ދިގު ހެދުމާއި، ހެދުމުގެ ކުލަތަކާއި ގުޅޭގޮތަށް އަޅާލައިފައި ހުރި ޝޯލްގެ ތެރެއިން ފެންނަމުންދިޔަ މޫނުން ސަމީރާގެ ހައިރާންކަން އިތުރުވެގެން ދިޔައެވެ.
“ތީ މޯނާތަ” ހައިރާންކަމާއިއެކު ޤަބޫލު ނުކުރެވިފައި ހުރި ގޮތަކަށް ސަމީރާއަށް އަހާލެވުނެވެ. އެއާއިއެކު ޝަބާ ގޮތަށް ހެދުން އަޅާފައި ހުރި މޯނާ ބޯޖަހާލިއެވެ.
“މަންމާ، އަޅުގަނޑަށް މާފު ދެއްވާ، ދެން ދުވަހަކުވެސް އެހެނެއް ނޫޅޭނަން، ރަނގަޅު އަންހެނެއްގެ ގައިގާ ހުންނަން ޖެހޭނެ ސިފަތަކާއި، އުޅުން އަޅުގަނޑަށްވެސް އެނގޭ މިހާރު، މަންމާ، އަޅުގަނޑު މިއައީ ނަވާލާއިއެކު ދިރިއުޅެން، އަޅުގަނޑު ގާތު ވަރަށް ރަނގަޅު ކުއްޖެއް ބުނެފައިވަނީ، ފިރިމާހާ އަނބިމީހާ ވަރިނުކުރާހާ ހިނދަކު ފިރިމީހާގެ ގެއިން ނުކުމެގެން ދާކަށް ނުވާނެކަން…” މޯނާ، ސަމީރާގެ ކުރިމަތީ ދެއަތް ޖޯޑުކޮށްލަމުން ބުނެލިއެވެ. އެހިނދު ހިނިތުންވެލި ސަމީރާ އުފަލުން ހުރެ އޭނާގެ ކުރިމަތީގައި ތިބި ޅީދަރިންނަށް ވަކިވަކިން ބަލާލިއެވެ. އަދި މައިވަންތަކަމުން ފުރިގެންވި އޯގާތެރި ފިރުމާލުމަކުން ޝަބާ އާއި މޯނާގެ ކޯތާފަތުގައި ފިރުމާލަމުން ދެކުދިން ގެނެސް ގަޔާލާ ބޮނޑިކޮއްލައިފިއެވެ.
މި މަންޒަރު ބައްލަވަން އިންނެވި އަސްލަމްގެ ލޯފުޅުންވެސް ކަރުނަ ނިރާލާ ގޮތް ވެލެއްވިއެވެ. އޭރު އެތުންފަތަށް ވަނީ އުފާވެރިކަމާއި ހިތްހަމަ ޖެހިލައްވާފައި އިންނެވި ކަމުގެ ހިނިތުންވުމެއް ވެރިވެލައްވާފައެވެ. ކާމޭޒުގައި ޖެހިގެން އިން ނާއިލަށްވެސް ދަތްތައް ފެންނަ ވަރަށް ހިނިތުންވެލެވުނެވެ. އެވަގުތު ފަޙުރުވެރިކަމާއިއެކު “އެއީ މަގޭ އަނބިމީހާއޭ” ބުނަން ނާއިލު ބޭނުންވިއެވެ. އެހެންނަމަވެސް، ނާއިލަށް އެހެން ބުނެލެވުނީ ކުރިއެކޭ އެއްގޮތަށް އެހެން މީހުންނަށް ނީވޭ އަޑަކުންނެވެ.
“ދަރިފުޅަށް މާފު ކޮށްފިން، ޝަބާ އާއި ދެކުދިން އެކުގައި ފެނުމުން ވަރަށް އުފާވެއްޖެ، އަދި ވަކިން އުފާވެއްޖެ ދަރިފުޅުގެ ފަރާތުން ފެންނަމުން މިދާ ހެޔޮ ބަދަލުގެ ސަބަބުން، އަވަހަށް އާދޭ ކާން، ކައި ނިމިގެން އިތުރު ވާހަކަ ދައްކާނީ، އޭރުން ދާޢޫދު ގާތު މަންމަ ބުނެފާނަން، ފޮށިތައް ގެންގޮސް މޯނާގެ ކޮޓަރިއަށް ލާދޭށޭ… އަވަހަށް އާދޭ ދެކުދިން” ސަމީރާއަށް އުފަލުން ގޮސް ޝަބާ އާއި މޯނާގެ އަތުން ދޫވެސް ކޮށްނުލެވުނެވެ.
“މަންމާ، އަޅުގަނޑަށް ނަވާއެއް ނުފެނޭ، އޭނާ ގޭގައި ނެތީތޯ” މޯނާގެ ލޯ އެމީހަކު ދެކުލުމަށް ކެތްތެރިކަން ކުޑަވެފައި ފަރާތުގެ ހިލަމެއް އެތަނުން ނުވުމުން އަހާލެވުނެވެ. އޭރު ހިނިއައިސް ފައި ހުރި ޝަބާ އައިސް ނާއިލުގެ ކައިރީގައި ޖެހިގެން ހުރި ގޮނޑީގައި އިށިންނަނީއެވެ.
“ނަވާލު އަދިވެސް މަންމަމެންނަކާ ވާހަކައެއް ނުދައްކާ، ކާން އަންނާނީ ވަރަށް ލަސްވާފަހުން، ޢާއިލާ އާއިއެކު ބައިވެރިއެއް ނުވާނެ، އެހެންވެ މަންމަވެސް މިހުންނަނީ ހަދާނެ ގޮތެއް ނޭނގިފައި” ސަމީރާގެ އުފާވެރިކަން ފަނޑުވެގެން ދިޔައެވެ.
“މަންމާ، އަޅުގަނޑު މިއައީނު، ދެން އިރާދަ ކުރެއްވިއްޔާ ހުރިހާ ކަމެއް ރަނގަޅުވެދާނެ” މޯނާ ޔަގީން ކަމާއިއެކު ކަހަލަ ގޮތަކަށް ބުނެލިއެވެ. ޝަރުމީލާ އިނީ ކާންފައްޓަންވެސް ނޭނގިފައެވެ. މޯނާއަށް އައި ކުއްލި ބަދަލާއި ގުޅިގެން އޭނާ އިނީ ފޫހިވެފައެވެ. ޝަބާ، މޯނާގެ ސިކުނޑި އާއި ކުޅެލީކަމުގައި އޭނާ ދެކުނެވެ. މުޅި ދުނިޔެ ޝަބާ އާއި އެއްކޮޅަށް ޖެހުނަސް އޭނާ ނުޖެހޭނެ ކަމަށް އަޒުމު ކަނޑައެޅިއެވެ. އެހެންނަމަވެސް އޭނާގެ އެއްވެސް ބާރެއްނެތެވެ. ސަމީރާއަކީ ޝަރުމީލާ ބުނާހާ ވާހަކައެއް ޤަބޫލު ކުރާ މީހެއް ނޫނެވެ. އަސްލަމް އަބަދުވެސް އަޑުއައްސަވާނީ ސަމީރާގެ ބަހެވެ. އިސްކަން ދެއްވާނީވެސް ސަމީރާ ދެކޭ ގޮތާއި މެދުގައެވެ. ދެން އެގޭގައި އޭނާ އާއި އެއްކޮޅަށް ހިފާނެ މީހަކު ނެތެވެ. ރުޅިވެރި ކަމުގެ އަލިފާން ކިތަންމެ ގަދައަށް އެނދިކަމުގައި ވިޔަސް ޝަރުމީލާއަށް ޖެހޭނީ ހަމަ އެކަން ހިތުގައި ފޮރުވައިގެން ހުންނާށެވެ.
ޒަވާޖީ ހަޔާތެއް ނުފަށާ ޝަރުމީލާ ހުންނަނީވެސް އެންމެ ސަބަބަކާއި ހުރެއެވެ. އެއީ އަސްލަމް ފަދަ މުއްސަނދި މީހަކު އޭނާގެ ހަޔާތަށް އައުމަށް އެދޭތީއެވެ. ބޭނުންވަނީ މުއްސަނދި ކަމާއި އަރާމުގައި ދުނިޔޭގެ ދުވަސްތައް ވޭތުކޮއްލާށެވެ. ރަނގަޅު ފިރިހެނުން އޭނާގެ ގާތަށް ފުރުޞަތު ތަކައިގެން އައެވެ. އެހެންނަމަވެސް އެއިން ކޮންމެ މީހަކަށް ޝަރުމީލާ ފުރަގަސްދިނީ އެމީހުންނަކީ އޭނާގެ ހިތްފުރޭވަރުގެ މުއްސަނދިންނަށް ނުވާތީއެވެ. މިއަދު އޭނާގެ އުމުރުން ސާޅީހާ ގާތްވެފައި ވާއިރު، އެހެންމީހުން ދެމަފިރިންގެ ގޮތުގައި އުޅޭތަން ފެނުމުން އޭނާގެ ހިތަށް އަސަރު ކުރެއެވެ. އެހެންނަމަވެސް މީހާގެ ބަލިކަށިކަން އެހެން މީހުންނަށް ދައްކާކަށް ބޭނުމެއްނުވެއެވެ. އޭނާ ބޭނުންވަނީ އަރާ ބޮންތީގައި ހިފާށެވެ. މަސައްކަތަކާއި ނުލާ މުއްސަނދި އަރާމު ދިރިއުޅުމެއް އުޅޭށެވެ. އެއީ ކޮންމެ ކޮންމެ މީހަކަށް ﷲ މިންވަރު ކުރައްވާ ނިއުމަތެއް ނޫންކަމެއް އޭނާ އަކަށް ނުވިސްނުނެވެ. ލިބޭ މިންވަރަށް ޝުކުރު ކުރަން ނޭނގުނީއެވެ. މިއަދު ޝަރުމީލާ ވަނީ އެކަނިވެފައެވެ. މުއްސަންޖަކު ބޭނުންވެގެން ފުރަގަސް ދިން ފިރިހެނުން މިއަދު އޭނާ ހޯދާކަށް ނާންނާނެކަން ޔަގީނެވެ. އަނެއްކޮޅުން އޭނާ ބޭނުންވި މުއްސަނދި މީހާވީ އެއްވެސް ހަޤީގަތެއް ނެތް ޚިޔާލީ ފޮލާއަކަށެވެ. ދެން އަމިއްލައަށް ކަންތައްތަކާއި ވިސްނާ ވިސްނާ ރުޅި ގަދަވުން ނޫންކަމެއް އޭނާއަށް ނުވާނެ ނޫން ހެއްޔެވެ. އެހެން މީހުންގެ އުފާވެރިކަމަށް ހަސަދަވެރިވުން ނޫން ދެން މީ އެހެން ކޮންކަމެއް ހެއްޔެވެ. ދުނިޔޭގައި އުޅޭ ހުރިހާ އެންމެންނަކީ ރަނގަޅު ހިތްހެޔޮ މީހުންނަކަށް ނުހެދޭނެއެވެ. ބައެއް މީހުންނަކީ އަނދިރީގެ ތެރޭގައި ވާ މީހުންނެވެ. އެމީހުންނަށް ދުވަހަކުވެސް އަލިކަމެއް ނެތެވެ.
“ދަރިފުޅާ މޯނާ، ނުކައި ދަނީތަ” މޯނާ އެނބުރި އައިކޮޅަށް ދިއުމަށް ހިނގައިގަތުމުން ސަމީރާ އަހާލިއެވެ.
“މަންމާ، އަޅުގަނޑު ކާނީ ނަވާލާއެކު” މޯނާގެ ޖުމްލަ އަޑުއިވިފައި ސަމީރާގެ ތުންފަތް ހިނިތުންވުމަކުން ދެމިލިއެވެ. ކާމޭޒު ދޮށުން ނުފެނުނު ކަމުގައި ވިޔަސް މޯނާ އެ މަސައްކަތް ކުރަނީ ރަނގަޅު އަންބަކަށް ވާންކަން އެނގުމުން ސަމީރާގެ ހިތަށް އުންމީދީ ހަމަޖެހުމެއް ލިބިގެން ދިޔައެވެ. އޭނާގެ ގެއްލިފައިވާ ނަވާލު އަނބުރާ ލިބޭނެ ކަމުގެ އުންމީދެވެ.
“އައްސަލާމް އަލައިކުމް ވަރަހުމަތުއްﷲ ވަބަރަކާތުﷲ” ކޮޓަރީގެ ދޮރުގައި ޓަކި ދިނުމަށްފަހު މަޑުމަޑުން ހުޅުވާލަމުން މޯނާ ސަލާމް ގޮވާލިއެވެ.
ހަލާކުވެފައި ހުރި ގޮނޑީގައި އިށީނދެގެން އިން ނަވާލު ފުންމައިގެން ތެދުވީ ދޮރުމަތީ ހުރީ ޝަބާ ކަމުގައި ހީވެގެންނެވެ. ބަސްހުއްޓިފައި ހުރި ގޮތަށް ހުއްޓަށް މޯނާ އައިސް ނަވާލުގެ ކުރިމައްޗަށް ހުއްޓުނެވެ. އެއާއިއެކު އިތުރަށް ނަވާލުގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ޤަބޫލު ކުރަން ދަތިވެފައިވިޔަސް އޭނާއަށް ހީވީ މޯނާ ނުބައި ސަމާސާއެއް ކުރަނީ ކަމުގައެވެ.
“ތީ ކޮންކަމެއް، މިހާ ދުވަސްކޮއްފަ މިގެއަށް އައިސް އެނގުނީ ތިކަހަލަ ސަމާސާއެއްތަ ކުރަން، ނޫނީ ތީ ޝަބާއަށް ކުރާ މަލާމާތެއްތަ” ނުރުހިފައި ނަވާލު، މޯނާގެ ކުރިމަތިން ދުރަށް ދިޔައެވެ.
“މީ ސަމާސާއެއް ނޫން، އަދި ޝަބާއަށް ދުވަހަކުވެސް މަލާމާތެއް ނުކުރާނަން، މިއަދު އަހަރެން ބޭނުންވަނީ ނަވާލުގެ އަންބެއްގެ ވާޖިބު އަދާކޮއްދޭން، އަހަރެން ގެއަށް އެނބުރި ނައުމުން ނަވާލަށް އަހަރެން ވަރިވެސް ކުރެވުނީސް، އެކަމަކު އެހެނެއް ކަންތަކެއް ނުކުރޭ، ނަވާލު އެހެން ކަންތައް ނުކުރީ އަހަންނާއިއެކު އަދިވެސް އުޅެން ބޭނުންވާތި ކަމުގައި އަހަރެން ދެކެނީ، ދެން އަހަރެން ކިތަންމެ ދެރަވިޔަސް، ރުޅިގަދަ ވިޔަސް، ނަވާލާއި ދުރަކަށް ނުދާނަން، އަހަރެން ނަވާލުދެކެ ވަނީ ތެދުވެރި ލޯބި، އަހަންނަށް ކުރިން ކަންތައްތައް ކުރެވުނީ ރަނގަޅަށް ނޫންކަން އެނގޭ، ނަވާލު އެކަނިވެގެން އުޅޭ ކިތަންމެ ފަހަރަކު އަހަންނަށް އެއަޑު އެހުމުގެ ބަދަލުގައި ސަމާލުކަން ދެވިފައިވަނީ އަހަރެންގެ އަމިއްލަ އުފާތަކަށް، ނަވާލަކީ އަހަރެންގެ ފިރިމީހާއަށް ވާއިރު، ފިރިމީހާއަށްވުރެ އެހެން ކަންތައްތައް އިސްކުރެވުނު… އެކަމަކު ދެން އެހެން ވާކަށް ބޭނުމެއްނޫން، ކޮންމެ ހާލެއްގަވެސް ނަވާލު އަހަންނާއިއެކު އުޅެން ހުރިހާ ދުވަހަކު އަހަރެން އުޅޭނީ ނަވާލުގެ އަންބެއްގެ ގޮތުގައި، ކައިވެންޏަކީ ކިހާ މުހިންމު ކިހާ މާތް ގުޅުމެއްކަން އަހަންނަށް އެނގޭ، ނަވާ، އަހަންނަށް މާފު ކުރޭ، ކުރިން ކަންތައް ކުރެވުނު ގޮތާއިމެދު އަހަރެން މިހިރީ ވަރަށް ދެރަވެފަ، އަހަންނަށް މާފު ކުރޭ ނަވާ” މޯނާ އަސަރާއިއެކު ވާހަކަދެއްކިއެވެ.
ޖިންސުގެ ދެޖީބަށް އަތްޖަހާލައިގެން ހުރި ނަވާލަށް އަޑުއިވުނީ ހަމަ މޯނާ ދެއްކި ވާހަކަ ބާއޭ ހިތަށް އެރިއެވެ. އެހެން ނަމަވެސް އޭނާ އަށް އެއްޗެއް ނުބުނެވުނެވެ. ހިތާ ސިކުނޑީގައި އެތަކެއް ސުވާލުތަކެއް ކުއްލިއަކަށް އެނބުރިގަތެވެ. މޯނާއަށް މިހާ ބޮޑު ބަދަލެއް އައީ ކީއްވެބާއެވެ. މޯނާ ފެނުމުން މިހާރު އަދި ވަކިން ބޮޑަށް ނަވާލު، ޝަބާގެ މަތިން ހަނދާންވެއެވެ. އޭނާއަށް ކުރެވުނު ކަންތައްމަތިންނެވެ. ހަލުވިކަމާއިއެކު ކޮޓަރިން ނުކުމެގެން ނަވާލު ދިޔައެވެ. އެތަން ބަލަން ހުރި މޯނާ މަޑުމަޑުން ލޮލުގެ ހިމަކޮޅުން ފޭދެމުން އައި ކަރުނަތަ ފޮހެލުމާއިއެކު މުޅި ކޮޓަރިއަށް ނަޒަރު ހިންގާލިއެވެ. އެތަން ހީވަނީ ގޮނޑެއް ހެންނެވެ. ތަފާތު އެއްޗެހި ކައިފައި އަޅާފައި ހުރި ކުނިބުނިން ޑަސްބިން ހުރީ ފުރިފައެވެ. ކޮޓަރީގެ އެތަން މިތަނުގައި ވަނީ އަންނައުނު ތަކެވެ. އެނދުގެ ތަންމަތި ވަނީ ރޫގުޅައަކަށްވެފައެވެ. މިއިން ދުވަހަކު އެކޮޓަރި ސާފު ނުކުރާކަން މޯނާއަށް އެނގުނެވެ. މަޑުމަޑުން ބޮލުގައި އޮތް ޝޯލް ނަގާ އަލަމާރީގައި އަޅުވާލުމާއިއެކު މަސައްކަތަށް ތައްޔާރު ވެލިއެވެ. އެހިނދު އޭނާގެ ބަނޑުން ހައިކަމުގެ އަޑުކިޔާލިއެވެ.
ބަނޑުގައި އަތް ހާކާލުމާއި އެކު ދޮރާ ދިމާލަށް މޯނާ އަށް ބަލާލެވުނީ ނަވާލާއިއެކު ކާން ނިންމައިގެން ހުރެއެވެ. އެހެންވެ ބަނޑުހައި ކަންމަތީ މަސައްކަތް ފެށިއެވެ. އެއްޗެހި ތައް ތަރުތީބު ކުރުމަށްފަހު ފާޚާނާ ތެރޭގައި ހުރި ވެކިއުމް ކްލީނަރ ގެނެސް ކޮޓަރީގެ އެތަން މިތަން ސާފުކޮއްލިއެވެ. ނަމަވެސް އެންމެ ގިނަ ވަގުތު ނެގީ އެނދުގެ ތަންމަތި ބަދަލު ކުރުމުގައެވެ. އެހެނީ ހުރިހާ ބާލީހު އުރަތަކާއި އެނދުމަތީ ހުރި ކުދިކުދި ކުޝަންތަކުގެ އުރަތައްވެސް މޯނާ ބަދަލުކުރިއެވެ. ބެޑްޝީޓު ބަދަލު ކުރުމާއިއެކު ކުއިލްޓުގެ ކަވަރުވެސް ބެޑްޝީޓާއި ގުޅޭގޮތަށް ބަދަލުކޮއްލިއެވެ. މިހުރިހާ ކަމެއް ނިމުނުއިރު އޭނާ ވެފައި ހުރި ހަޔަށްވުރެ ވަރުބަލިކަން އިތުރުވެފައިވެއެވެ. ހުރިހާ އެއްޗެއް ގެނެސް ފާޚާނާގައި ހުރި ދާ އެއްޗެހި އަޅާ ވަށި ގަނޑުން ކުރެ ބޮޑު ވަށިގަނޑުގެ ތެރެއަށް ބަދަލުކުރި ތަންމަތީގެ އެއްޗެހިތައް އަޅާލިއެވެ. ދެން ވަރުބަލި ގޮތަކަށް ނުކުމެ ކޮޓަރީގައި ހިފާފައި ހުރި ނުބައިވަސް ކަނޑުވާލެވޭތޯ މީރުވަސްދުވާ އެއަރޕްރެޝްނާއެއް ޖަހާލިއެވެ. އެނދުގައި އައިސް މޯނާއަށް ޖައްސާލެވުނީ އަތުގައި އޮތް އެއަރޕްރެޝްނާ ފުޅިވެސް ހިފައިގެންނެވެ. އެނދުގެ ފައިލާ ކޮޅުގައި ކުޑަވެގެން ކަހަލަ ގޮތަކަށް އޮށޯވެލި މޯނާ ވަނީ ވަރުބަލިވެފައި ކަމުގައި ވިޔަސް އޭނާގެ ތުންފަތަށް ފަނޑު ހިނިތުންވުމެއް ވަނީ ވެރިވެފަ އެވެ. އެހެންނަމަވެސް އޭނާގެ ދެލޮލުގައިވަނީ ހިތާމައިގެ އަސަރެވެ. ނަވާލު އޭނާ ބަލައިނުގަތުމުގެ ހިތާމައެވެ. އެކަމަކު އޭނާ އެހުރީ ހިތްވަރު ދޫކޮއްލާފަދަ ގޮތަކަށް ނޫނެވެ. އޭނާ އާއިއެކު ޝަބާ ހުރިކަން އެއީ މިވަގުތަށް މޯނާއަށް ލިބުނު އެންމެ ބޮޑު ހިތްވަރެވެ.
މެންދުރުފަސްވެ ހަވީރަށް އަޅާލާފައި ވަނިކޮށް ހަރުކޮށް ހިނގާލާފައި އައިސް ގެއަށް ވަން ނަވާލު، ބޮޑުކޮޓަރީގެ ސޯފާގައި އިން ސަމީރާއަށް ފެނުމާއިއެކު ކައިރިއަށް އައުމަށް ގޮވާލިއެވެ. ވަގުތުން ނަވާލުގެ ތޮބީޢަތަށް ބަދަލުތަކެއް އައިކަން ފާހަގަ ކުރެވިގެން ދިޔައެވެ. ހިނގުމުގެ ދުވެލި މަޑުވެ ކިޔަމަންތެރިކަން ދައްކަމުން އައިސް ސަމީރާގެ ކުރިމަތީގައި ނަވާލު ހުއްޓުނީ އިސްޖަހާލައިގެން ހުރެއެވެ.
“ދަރިފުޅު މެންދުރު ކާން ނައީ ކީއްވެތަ، މޯނާވެސް އެހުރީ ނުކައި، އަނެއްކާ… ކީއްވެތަ ދަރިފުޅަށް ތިހާ ބޮޑު ބަދަލުތަކެއް ތިއައީ، އެނގޭތަ މިއަދު މަންމަ ވަރަށް އުފާވި މޯނާ ހުރިގޮތް ފެނިފަ، ކީއްވެތަ މޯނާ ތިރިއަށް ނުފައިބާ ކޮޓަރީގަ އެއުޅެނީ، ދޭބަލަ މޯނާ ގޮވައިގެން ކޮންމެވެސް އެއްޗެއް ކާން އަންނަން، ހިތްހަމަ ނުޖެހުނަސް ކައިގެން ތިބެންވާނީ، މޯނާ ދަރިފުޅު ބަލާ ދިޔަގޮތަށް ފޭބީކީވެސް ނޫންވިއްޔަ، ދަރިފުޅާއެކު އޭ ކާނީ ކިޔާފަ ދިޔަ މީހާ އެހެދީ ކިހިނެއްތަ؟ މަންމަ އަށް ގޮވާލަން ދާން ނުކެރިފަ މިހުންނަނީ ދަރިފުޅުވެސް އުޅޭކަމަށް ހީކޮށް” ސަމީރާ ވާހަކަދެއްކީ ވަރަށްވެސް އާދައިގެ ގޮތަކަށެވެ. ނަވާލުދެކެ އައިސްފައިވާ ރުޅި ފިލާ ހިނގައްޖެކަން އޭނާއަށް އިޙްސާސް ކުރެވޭތޯއެވެ.
“މޯނާ… މޯނާ ނުކައިތަ ގޮސް އެއުޅެނީ” ނަވާލު ހައިރާންވި ވަރުން އަހާލެވުނެވެ.
“އާން! ދަރިފުޅު ގާތު ބުނީތަ ކައިގެންނޭ، މަންމަ އެދުނީމަވެސް ބުނީ ނަވާލާއި އެކުއޭ ކާން އަންނާނީ” ސަމީރާ އޭނާ ބުނި އެއްޗެއް ތަކުރާރު ކޮއްލިއެވެ. އެއާއިއެކު މަޑުމަޑުން ބޯޖަހާލި ނަވާލު ހިނގައިގަތީ އޭނާގެ ކޮޓަރިއަށް ދިއުމަށެވެ.
ދެޖީބަށް އަތްޖަހާލައިގެން ފުން ވިސްނުމަކަށް ގެއްލިފައި ހުރެ ނަވާލު އައިސް މަޑުމަޑުން ކޮޓަރީގެ ދޮރު ހުޅުވާލިއެވެ. އެހިނދު ނަވާލު ބުނަން ބޭނުން ނުވިޔަސް އެކޮޓަރީގެ ތެރެއިން ހިތްހަމަ ޖެހުން ލިބިގެން ދިޔައެވެ. ތަނުގެ ސާފުތާހިރު ކަމާއި ދުވާ ލުއިލުއި މީރުވަހުގެ ސަބަބުންނެވެ. ޤަބޫލު ނުކުރެވުނަސް މޯނާގެ އެމަސައްކަތާއި މެދު އޭނާ އުފާވިއެވެ. އެހާވަރު ކުރަން މޯނާއަށް ކެރޭނެއެކޭ ނަވާލު ދުވަހަކުވެސް ހީއެއް ނުކުރެއެވެ. އެވަގުތު އޭނާގެ ލޮލުގައި އަޅައިގަތީ ހެދުންތައް ލާ ފޮއްޓާއި ދިމާލަށް ގުދުވެގެން އޮތް މޯނާއެވެ. ސިއްރުން ވަދެ ކޮޓަރީގެ ދޮރު ލައްޕަން އުޅުނު ކަމުގައި ވިޔަސް މޯނާއަށް ހިލަންވެގެން އަވަސް އަވަހަށް ހިންދެމިލަމުން އެދިމާލަށް ބަލާލިއެވެ. ނަވާލާއި ހަތަރުކަޅި ހަމަވުމާއިއެކު ލޯބިވެތި ހިނިތުންވުމަކުން މޯނާ ހިނިތުންވެލިއެވެ. ބަސްމޮށުން ތެރިކަމެއް ލިބިފައިނުވާ އެ ހިނިތުންވުން ނަވާލުގެ ކަންފަތްދޮށުގައި އެތަށް ވާހަކައެއް ބުނެލި ކަހަލައެވެ. ނަވާލުގެ ނަޒަރު އަވަސް އަވަހަށް މޯނާ އާއި ވަކިކޮއްލަމުން ދޮރު ލައްޕާލިއެވެ.
“ކައިފިންތަ” ނަވާލު މިހެން އަހާލީވެސް ހަރުކަށި ގޮތަކަށެވެ.
“ނަވާލާއި އެކު ކާން ދާން ވެގެން” މަޑުމައިތިރި ކަމާއިއެކު މޯނާ ބުނެލިއެވެ. އަދި އޭނާގެ ފޮށިން ނެގި ސާމާނުތައް ހިފައިގެން އަލަމާރި އާއި ދިމާލަށް ހިނގައިގަތެވެ. އެތަން ފެނި ނަވާލުގެ ދެލޯ ބޮޑުވީ މޯނާ ހުރި ގޮތަކުން ނޫނެވެ. އޭގެ ބަދަލުގައި މޯނާގެ އަތުގައި އޮތީ ފަތްޖަހާލެވިފައިވާ މުއްސަލަ އަކާއި އޭގަމަތީގައި ނަމާދުކުރާ އެއްޗިއްސެވެ. އަދި އޭގެވެސް މަތީގައި ރަތާއި ރަނުން ޖަރީކުރެވިފައިވާ ޚަތިމެއް އޮތުމުންނެވެ. އެތަކެއްޗަކީ ދުވަހަކުވެސް އެކޮޓަރީގައި މީގެ ކުރިން ހުރި އެއްޗިއްސެއް ނޫނެވެ. ބަހެއްނުބުނެ މޯނާ އެއެއްޗެހި ގެންގޮސް ސަމާލުކަމާއި ރައްކާތެރި ކަމާއިއެކު އަލަމާރީގެ ވަތްގަނޑަކަށް ލަންދެން ބަލަން ހުއްޓެވެ.
“މިފެންނަނީ ހަޤީޤަތެއްތަ… ނޫނީ މީ ނުބައި ރޭވުމެއްތަ، މޯނާ ކަލޭ ތިކުރަނީ ކީއްތަ؟ އަހަންނަށް ސަޒާދޭން ތިނޫން ގޮތެއް ކަލެއަށް ނުފެނުނީތަ، ކުޅޭ ކުރިވަރަކަސް ތި ކުޅެނީ ވަރަށް ނުބައި ކުޅިގަނޑެއް، ޝަބާ އުޅޭހެން އުޅެން މަސައްކަތް ތިކުރީ އަހަންނަށް ޖެއްސުމަށް ދޯ، ދައްކަންވެސް ތިވަރު ވާކަށް ނުވާނެ، ހިތުގަ ބިރުވެރި ކަމެއްވެސް ނެތީތަ؟ އެހެން ބުނާއިރު… އުޅެވުނު ގޮތާއިމެދު ވިސްނަންވީ ހަމައެކަނި މޯނާއެއް ނޫން، އަހަރެންވެސް، އެނުބައި ޖަރީމާ ހިންގި އިރު، އަހަރެންގެ ބިރު ކޮބާ؟” ނަވާލުގެ ނޭވާ ހުއްޓެން އުޅުނު ކަހަލައެވެ. ބޮލުގައި ގަދަ ރިހުމެއް އުފެދިގެން ދިއުމާއިއެކު އެއްއަތުން ނިތްކުރީގެ އެއްފަރާތުގައި ހިފަހައްޓާލެވުނެވެ. އެވަގުތު މޯނާގެ އަޑު އިވުނެވެ.
“ކިހިނެއްވީ، ބޮލުގަ ރިއްސަނީތަ، ނަވާ ވެސް އަދި ނުކައި ދޯ ތިއުޅެނީ، ހިނގާ ކާން ދަމާ” މޯނާގެ އަޑުގައި ހުރި އޯގާތެރިކަމުން ނަވާލަށް އިޙްސާސް ކުރެވުނީ އިތުރު އުނދަގޫ ތަކެކެވެ. އެހެންނަމަވެސް އެއްޗެއް ނުބުނެ ހުރެ ނަވާލު ހިނގައިގަތީ ކޮޓަރިން ނުކުތުމަށް ކަމަށް ވާތީ އޭނާގެ ފަހަތުން މޯނާވެސް ހިނގައިގަތެވެ.
* * * *
ވިހާ ދުވަސް ކައިރިވާ ވަރަކަށް ކޮންމެ އަންހެނަކަށްވެސް ކުރެވޭ އިޙްސާސް ތަކާއި އުނދަގޫތައް ޝަބާއަށްވެސް ކުރެވެމުންދެއެވެ. އެހެންނަމަވެސް އެފަދަ ކެތްތެރި އަންހެން ކުއްޖަކު ނާއިލު އާއި އޭނާގެ ޢާއިލާގެ މެންބަރުން ނުދެކެެވެ. އަނެއްކޮޅުން މޯނާގެ އެހީތެރިކަން ޝަބާއަށް ލިބެނީ އިންތިހާއަށެވެ. ގިނަ ދުވަސް ދުވަހު ބުރަކައްޓާއި އުނަގަނޑު މަތި މަސާޖު ކޮއްލަ ދިނުމާއި ވިހަން ވާއިރަށް ޑޮކްޓަރުން ގޭގައި ކުރުމަށް އެދުނު ކަސްރަތުތައް ކުރުމުގައިވެސް މޯނާގެ އެހީ ވަރަށް ބޮޑަށް ލިބުނެވެ. އެހުރިހާ ކަމެއް މޯނާ ކޮއްދެނީ ހިތުގައި އެއްވެސް ކިލަބުކަމެއް ނެތިއެވެ. ލޯތްބާއި ހިތްހެޔޮ ކަމާއިއެކު އެވެ. ނާއިލުގެ ގާތުން މޯނާ މާފަށް އެދުމުން އޭނާގެ ހިތުގައި މޯނާ އާއިމެދު އޮތް ރުޅިވެރިކަމުގެ އަލިފާނަށް ފިނިފެން އެއްޗެއް އޮއްސާލި ކަހަލައެވެ. އަބަދުގެ އަބަދަށް އެ ހުޅުގަނޑު ނިވާލީ ލޯބިވާ ޝަބާ އަށް ޓަކައެވެ. އެހެންވެ އެކޮޓަރިއަށް މޯނާ ކިތަންމެ ގިނައިން އަޔަސް ޝަބާއަށް އުނދަގޫ ނުވަންޏާ ނާއިލަށްވެސް އެކަން ބޮޑު ކަމަކަށް ނުވެއެވެ.
“ޝަބާ، އަހަންނަށް އިތުރަށް ހަދާނެ ގޮތް ހުސްވެއްޖެ، ޝަބާ ބުނިގޮތަށް ހުރިހާ ކަމެއް މިބަހައްޓަނީ، އެކަމަކުވެސް ނަވާލު ހީކުރަނީ އަހަރެން ކަންދައްކަނީ ކަމަށް، އޭނާ ޤަބޫލެއް ނުކުރޭ އަހަރެން ބަދަލުވެދާނެ ކަމަކަށް، މިހާރު ފޫހިވެސް ވޭ އޭނާއަށް އަންގަން މަސައްކަތް ކުރަންވެސް، ހިތަށް އަރަނީ މާރަނގަޅުވާނެޔޭ ނަވާލު ބޭނުންވާ ގޮތެއް ޚިޔާރު ކުރަން ދޫކޮއްލިއްޔާ، އޭނާ އަހަންނާ ވަކިވާން ބޭނުންވަންޏާ އެގޮތް އަހަންނަށް މިހާރު މާ ރަނގަޅު” އާދައިގެ މަތިން ހަވީރު ގަޑީގައި ސަމީރާގެ ކުޑަކުޑަ ބަގީޗާ ކައިރީގައި، ނާއިލުގެ ކޮޓަރި ބިއްދޮށުގައި ހުންނަ ގޮނޑިތަކުގައި ޝަބާ އާއިއެކު އިން މޯނާ ފޫހި ކަމާއިއެކު ވާހަކަދެއްކި އެވެ.
“މޯނާ ތިހެން ނުބުނޭ، ކެތްތެރިވާން ވާނެ އެންނު” ޝަބާ އޭނާގެ ދެފަޔަށް އަރާމެއް ދިނުމުގެ ގޮތުން ކުރިމަތީ ހުރި ގޮނޑިއަށް ދެފައި އަރުވާލައިގެން އިނދެ ބުނެލިއެވެ. އޭރު ދެމީހުންގެ މެދުގައި ހުރި ވަށްމޭޒުމަތީ ތަބަކެއްގެ ތެރޭގައި ދެ ސައި ޖޯޑާއި ކަނޑާލާފައި ތައްޓަކަށް އަޅާފައި ހުރި ބިސްކޯދު ހުއްޓެވެ. އޭރުވެސް ޝަބާގެ އަތުގައި ބިސްކޯދެއް އޮތެވެ. އޭނާ މިހާރު ހުންނަނީ ފަލަވުމަށްވުރެ މީހާ ފޮއްސިވެ ދުޅަވެފައި ހުންނަ ގޮތަށެވެ. ދެފައިވެސް ގިނައިން މައްޗަށް ނަގައިގެން ދަމާލައިގެން އިންނަން ޖެހެނީ އެހެންވެއެވެ. ފައިގެ ދުޅަވެސް ތިރިކުރުމަށެވެ.
“ކިހާ ދުވަހަކަށްތަ ކެތްތެކުރަންވީ، އަޅެ ޝަބާ ބުނެބަލަ، ލޯބިވާ މީހަކާ ދުރުގައި ހުރެވޭނެތަ، ޝަބާއަށްވެސް އެނގޭނީ ނާއިލު އެހެން އުޅޭނަމަ، އޭރުން ޝަބާއަށް ކެތްވާނެތަ، ނަވާލު އަހަންނަށް ލޯބިން އެންމެ ފަހަރަކުވެސް ބަލާނުލާ، އެއީ ވަރަށް ކުޑަކުޑަކަމެއް ދޯ، އަހަރެންގެ ގައިގަ އަތްލުމުގެ ބަދަލުގައި ރުހުމުގައި އެންމެ ފަހަރަކު ބަލާލިޔަސް ކީއްވާނީ” މޯނާ ދެންވެސް ކުރީ އޭނާގެ ހިތުގެ ޝަކުވާތަކެވެ.
“ލޯބި ވީމަ…” ޝަބާއަށް މިހެން ބުނެލެވުމާއިއެކު ވިސްނާލެވުނެވެ. އޭނާއަށް ލޯބިވެވުމުން ދެންވާނީ ކިހިނެއް ހެއްޔެވެ. އޭނާއަށް އެ ހައްޤު އެބަ އޮތް ބާއެވެ.
“އަހަންނަށް ލޯބިވުމުގެ ފުރުޞަތު ނާއިލު ދޭނެތަ، އޭނާ ކިތަންމެހާވެސް ރަނގަޅު، އަހަރެންގެ ހިތް އެދޭ އެތަށް ކަމެއް އޭނާގެ ފަރާތުންވަނީ ފެނިފަ، އެކަމަކު… އޭނާދެކެ ލޯބިވުމުގެ ހައްޤު އަހަންނަށް އެބަ އޮތްބާ، ކޮންމެ ގޮތެއްވިޔަސް އަހަންނަށް މިހާރު ނުވިސްނޭ ނާއިލު އާއި ވަކިން އުޅޭނެ ގޮތަކާއިމެދު، އަހަރެންގެ ބަނޑުގައިވާ ދަރިންނާ އެކުދިންގެ ބައްޕަ އާއި ނުލާ ނޫޅެވޭނެ، މިހިތުގެ ކޮންމެ ދިމާލެއްގައި ވަނީ ނާއިލުގެ ސަބަބުން ލިބިގެންދިޔަ އަލިކަމާ ހިތްހަމަޖެހުން، ހިތް ވަނީ ނާއިލަށް ފިދާވެފައި ކަން ޔަގީން، އެކަމަކު، އަހަންނަށް… ލޯބިވެޔޭ ބުނެވިދާނެ ބާ، ނޫން… ލޯބިވެވުނީ އަހަންނަށް އެކަނި ކަމުގައި ވެއްޖެއްޔާ ދެން ވާނީ ކިހިނެއް… ނޫން… މިހުރިހާ އުފާވެރިކަމެއް ގެއްލިދާނެ، ނާއިލު އަހަންނާއިމެދު ދެކޭ ގޮތް ތަފާތުވެދާނެ… އެކަމަކު އަހަރެންގެ މޮޔަހިތް އަހަރެންގެ ބާރުގެ ދަށުން ދީއްލައިގެން ދިޔައީ ކޮންއިރަކު ކަމާއިމެދު ސުވާލު އުފެދޭ، އެހެންވިޔަސް އަމިއްލަ އެދުމައިގެން ވާ މީހަކަށް ނުވާނަން، މިވަރުން އަހަންނަށް ފުދޭ، ފިރިއަކާ، އެންމެ ދަރިއެއްގެ ބަދަލުގައި ﷲ އަހަންނަށް މިންވަރު ކުރައްވާފައި މިވަނީ ދެފުރާނަ، ވީއިރު މިވަރުން އަހަންނަށް ފުދޭ، އޯގާތެރި ފިރިއެއް، ކޮންމެ ހާލެއްގައި އޮތްކަމުގައި ވިޔަސް އަހަންނާމެދު ފަރުވާ ވާކަން އަހަންނަށް އެނގޭ، އެވެސް އަހަންނަށް ލިބުނު ނަސީބެއް، މިއަދު އަހަރެންގެ މަންމައަށް ޝުކުރުވެރިވާނަން، އަދި އަހަރެންގެ ޤަބޫލު ކުރުމުގައި ހިފެހެއްޓުނީތީ އުފާވޭ، ކޮންމެ ނިޔަތެއްގައި މަންމަ ކުރިކަމެއް ކަމުގައި ވިޔަސް، އެއްވެސް މަޔަކު އޭނާގެ ދަރިންނަށް ދެރައެއް ނޭދޭނެ، މީ އަހަރެންގެ މަންމަ އަހަންނަށް ދޭން ބޭނުންވީ އުފާވެރި ޚަޔާތަކީ، އަލްހަމްދުﷲ…އަލްހަމްދުﷲ…” އެވަގުތު ޝަބާގެ ހިތަށް ވަދެގެން ދިޔައީ ދީނީ އިބްރަތުން ފުރިގެންވި ވާހަކައެކެވެ. ރޭގައި އޭނާ ގެންގުޅުނު ފޮތެއްގެ ތެރޭން ފެނިގެން ކިޔާލި ކަރުދާހެއްގައި ޕްރިންޓު ކުރެވިފައިވާ ވާހަކައެކެވެ. މޯނާއަށް ރަނގަޅު އިބްރަތެއް އެވާހަކައިން ލިބޭނޭކަން ހިތަށް ވަނުމުން ކުރިއަށްވުރެވެސް ބޮޑަށް ހިނިތުންވެލެވުނެވެ.
“އޭތް! ކީއްވެތަ އެއްޗެއް ނުބުނެ ތިއޮތީ! ޔަގީން ކޮންމެވެސް ކަމަކަށް ގެއްލިފަކަން އޮތީ، ޑްރީމް ވޯލްޑުގަ ކޮންކަމެއް ވެގެން މާ ވަރަކަށް ހިނިއައީ” މޯނާ އޭނާގެ ސައި ޖޯޑަށް ބިސްކޯދު ލާ ފޯކޮއްލަމުން ބުނެލިއެވެ.
“މޯނާ، ދިރިއުޅުމުގައި ބައެއްފަހަރު ވަރަށް ކެތްތެރިވާން ޖެހޭނެ، އެކެތްތެރިކަމަށް ނިމުމެއް އަންނާނީ ކޮންއިރަކުން ކަމެއް ދެނެވޮޑިގެންވާނީ ﷲ، މޯނާ އަޑުއެހިންތަ އައްޔޫބްގެފާނުގެ ވާހަކަ” ޝަބާ ހިނިތުންވެލަމުން ބުނެލިއެވެ. މޯނާ ވަރަށް ޝައުގުވެރިވެފައި އަވަސް އަވަހަށް ދެފަރާތަށް ބޯހޫރާލިއެވެ. އެއާއިއެކު ޝަބާ އޭނާއަށް އައްޔޫބުގެފާނުގެ ކެތްތެރިކަމާއި އިބްލީހުގެ ދުއްތުރާތަކުގެ ވާހަކަ ކިޔާދިނެވެ. އަޑުއަހައި ނިމުނުއިރު މޯނާއަށް ރަނގަޅަށްވެސް ރޮވިއްޖެއެވެ.
* * * *
ހަމަ ކޮންމެ ވަގުތަކުވެސް ވިހާފާނެކަމަށް ތައްޔާރުވެ އިން ޝަބާ އިޝާ ނަމާދުކޮއްލައިގެން މަޑުމަޑުން ތެދުވެގެން ކޮޓަރިން ނުކުތީ މޯނާގެ ގާތަށް ދާށެވެ. އެކަމަކު ނާއިލު ގާތުގައި ބުނީ ކުޑަކޮށް ބޭރަށް ނުކުމެ ހިނގާލަން ކަމަށެވެ. ހަރުފަތްތައް ފުޅާވެފައި ބޮޑެތިކަމަށްވިޔަސް، ސިޑިން އެރުމުގެ ކުރިން ޝަބާއަށް ވިސްނާލެވުނެވެ. އޭނާގެ އެހާ ހިތްވަރު ހުރި ކަމާއިމެދުއެވެ. އެހެންވިޔަސް އޭނާގެ ވިސްނުން ހުރީ އެކަން ހުއްޓާލާ ގޮތަކަށް ނޫނެވެ. ވިހައިގެން އެނބުރި އަންނަން ބޭނުންވީ ފުރިހަމަ ޢާއިލާ އެއްގެ ތެރެއަށެވެ. މޯނާގެ އުފާވެރިކަން ހޯދަ ދޭން އޭނާ ބޭނުންވެއެވެ. ޚުދު އޭނާއަށްވެސް ނަވާލު ބަދަލު ވުމަށް ދުވަސް ދެވިއްޖެއެވެ. މޯނާގެ ވާހަކަތައް ހުންނަ ގޮތުން ނަވާލަށް ވެގެން އުޅޭގޮތް މޯނާއަށް ނުވިސްނުނު ކަމުގައި ވިޔަސް ޝަބާއަށް ކޮންމެވެސް ވަރަކަށް ވިސްނެއެވެ. ނަވާލު އޭނާގެ ގާތަށް މާފައިގެން އަންނާނެކަން ޝަބާއަށް ޔަގީނެއްނޫނެވެ. އެހެންވެ ސިޑިން ފުރަތަމަ ފިޔަވަޅު އަޅާލީ އެހުރިހާ ކަމެއް ބަދަލު ކޮއްލުމަށް ނިންމައިގެންނެވެ. ގަލުން ޑިޒައިން ކުރެވިފައިވާ ސިޑީގެ ދާރައިގައި ބާރަށް ހިފަހައްޓައިގެން ހުރެ ލަސް ލަހުން ބަލައިގެން ފަހަރަކު ހަރުފަތެއް ގިރާކޮށް މޯނާ އާއި ނަވާލުގެ ބަޔަށް އެރިއެވެ. ނޭވާ ނުކުމެގެން ދިއުމަށްވުރެ ބަނޑުގައި ހުރި ކުޑަކުޑަ ރިހުން ގަދަވެދާނެތީވެ ކަންބޮޑުވުމާއިއެކު އިރުކޮޅަކު ޝަބާއަށް މަޑުކޮއްލެވުނެވެ. ނޭވާ ހަމައަކަށް އެޅުމުން އަނެއްކާވެސް ކުރިއަށް ފިޔަވަޅު އަޅައި ހިނގައިގަތެވެ.
ކޮޓަރީގެ ދޮރުހުޅުވާލީ މޯނާއެވެ. ޝަބާ ހުރީ ދާހިތްލާފަ އާއިއެކު ވަރުބަލި ގޮތަކަށެވެ. އެހެންވެ މޯނާ ކަންބޮޑުވި ވަރުން އަހާލެވުނީ ވަގުތު ޖެހުނީތޯއެވެ. ފުންނޭވާއެއް ބޭރުކޮއްލާފައި ޝަބާ ދެފަރާތަށް ބޯހޫރުވާލަމުން ނަވާލު އުޅޭތޯ ސުވާލު ކުރިއެވެ.
“ޝަބާ، ކިހިނެއްވީ، ކީއްވެ ނަވާ ހޯދަނީ، އަހަރެން މިހިރީނު، ކީއްކޮއްދޭންވީ” މޯނާގެ އަޑު ކޮޓަރީގައި ހުރި ސޯފާގައި އޮތް ނަވާލަށް އަޑުއިވުނެވެ. އެހެންނަމަވެސް އޭނާ އެއްވެސް ހަރަކާތެއް ނުގެނެސް މޫނުމަތީ އެއްއަތްއަޅާލައިގެން އޮތް ގޮތަށް އޮތީއެވެ.
“އަހަރެން މިއައީ ނަވާލާއި ވާހަކަ ދައްކަން ވެގެން، އޭނާ ކިހާ ދުވަހަކު ތޯ އެހެން އުޅޭނީ އަހަންވެގެން، މޯނާ އާއިމެދު އޭނާ ބޭނުންގޮތަކަށް ކަންތައް ކުރުމުގެ ހައްޤެއް ނޯންނާނެ، ސަބަބު ބުނަންވާނެ، ގޯސްކޮށް ކަމެއް މިހާރު މޯނާގެ ފަރާތުން ވާނަމަ އެކަންވެސް އޭނާ ޖެހޭނީ މޯނާ ގާތު ބުނަން، އޭރުން ރަނގަޅު ކުރެވޭނީވެސް، ނަވާލު މޯނާ އާއި ވާހަކަ ނުދައްކަންޏާ އަހަންނާ ޖެހޭނީ ވާހަކަ ދައްކަން، އަހަރެން ކުރަން ބޭނުން ސުވާލު އެބަހުރި، އެ ސުވާލު ތަކަށް ނަވާލު ޖެހޭނީ ޖަވާބު ދޭން” ޝަބާ ވަރަށް ހިތްވަރު ކޮއްފައި ބުނެލިއެވެ. އޭނާއަކީ އެގޮތަށް ވާހަކަ ދެއްކި މީހަކަށް ނުވާތީ ހަރުކަށިކަން ގެންނަން ވަރަށް އުނދަގޫވެސް ވިއެވެ.
“މިއޮތީ ނަވާ” މޯނާއަށް ބުނެވުނީ އެވަރަށެވެ. އެހިނދު ޝަބާ ލޮލުގެ އިޝާރާތުން ކޮޓަރިން ބޭރުގައި މަޑުކުރަން މޯނާއަށް އަންގާލިއެވެ. އަދި އެކޮޓަރީގެ ދޮރު އެއްކޮށް ހުޅުވާލުމާއިއެކު އައިސް ނަވާލަށް ގޮވިއެވެ. މޯނާ ހުރީ ކޮޓަރި ތެރޭ ދައްކާ ވާހަކަ އަޑުއިވޭހާ ކައިރީގައެވެ.
“ނަވާލު، މިކަހަލަ ހެދުން އަޅާފަ، ހެޔޮމަގަށް އުޅޭ ކޮންމެ މީހަކީ އަހަންނެއް ނޫން، ކީއްވެތަ އެހެން ވިސްނަނީ، މޯނާ އަކީ ހަމަ ނަވާލު ގެ އަނބިމީހާ، އޭނާގެ ހުރިހާ ވަގުތެއް އެވަނީ ނަވާލަށް ހުސްކޮއްލާފަ، ނަވާލާއިއެކު މުޅިން އާފެށުމަކުން ފަށަން އޭނާ އެހުރީ ތައްޔާރަށް، ކީއްވެތަ އަދިވެސް ހެޔޮމަގަށް ނޭޅެން ތިއުޅެނީ، ކޮން ސަބަބަކާ ހެދިތަ…” ޝަބާ އެތަށް ވާހަކައެއް ދެއްކި އިރުވެސް ނަވާލު އިނީ ސޯފާގައި އިށީނދެލައިގެން ބަހެއްވެސް ނުބުނެއެވެ. އޭނާއަށް ޝަބާގެ ހުރިހާ ވާހަކައެއްވެސް އަޑުއިވެއެވެ. އެކަމަކު ބުނާނެ އެއްޗެއް ނޭނގިފައި އިނީ ކުރެވުނު ކުށުގެ ބޮޑުކަމުންނެވެ.
“ޝަބާ…” މަޑުމަޑުން ނަވާލުގެ އަޑު އިވުނީ އޭނާ ސިހިގެން ދިޔަވަރުންނެވެ. ޝަބާ ކުއްލިއަކަށް ނަވާލުގެ މޫނުގައި އެތިފަހަރެއް ޖެހީއެވެ.
“އަހަރެން ބޭނުމެއްނޫން ނަވާލުގެ މޫނުގައި ޖަހާކަށް، އަހަންނަށް މާފު ކުރޭ” ޝަބާ މާޔޫސް ކަމާއިއެކު ބުނެލިއެވެ.
“ޝަބާ… ޝަބާ، މާފަށް… ޝަބާއެއް ނޫން މާފުގެ ވާހަކަ އަހަރެން ގާތު ދައްކަންވީ” ނަވާލުގެ އަޑު މަޑެވެ. އޭނާގެ މޫނުގައި ޝަބާ ޖެހީތީ އޭނާ ރުޅިއެއް ނާދެއެވެ. ދެކުނީ އެއީ ނަވާލަށް ހައްޤު އެތިފަހަރެއް ކަމަށެވެ.
“ނަވާލު، ތައުބާ ވުމަކީ އޮތްކަމެކޭ، މާޒީގެ ނާންމާންކަން މުސްތަޤުބަލުގެ އަލިކަން ނެތިކޮއްލިޔަ ނުދީ، ކަނިވަމުންދާ އުންމީދުގެ ހުޅުކޮޅު ރޯކޮއްދިނުމަށް މޯނާ ދިއްކުރާ އަތުގައި ހިފާބަލަ، ނަވާލު ކުރިކަމެއް ކުރީ އަހަންނަށް، އެކަމުގެ ޝަކުވާއެއް އަހަރެން ދުވަހަކުވެސް ނަވާލާއި ނުކުރާނަން، އެކަމަށް އަހަރެން ވަޢުދުވަން، އަހަރެން މިއަދު މިއައީ ނަވާލާއި ވާހަކަދައްކަން، އަހަރެން އެހުރިހާ ކަމެއް ހަނދާން ނައްތާލައިފީމޭ ބުނަން، އެހެންވީމަ ނަވާލުވެސް އެކަމުގެ މަތިން ހަނދާން ނައްތާލެވޭތޯ މަސައްކަތް ފަށާބަލަ، މަންމަ، ނަވާލާއި ނާއިލުދެކެ ލޯބިވާ ވަރެއް ނޭނގޭތަ، ނަވާލު ތިހެން އުޅުމުން އޭގެ އަސަރު އެތަށް ބަޔަކަށް އެބަކުރޭ… ޕްލީޒް، ތިގޮތް ދޫކޮއްލާފަ ރަނގަޅު މީހަކަށް ވާން އަޒުމް ކަނޑައަޅާބަލަ” ޝަބާ ނަސޭޙަތްތެރި ވިއެވެ.
“ޝަބާ ބުންޏަސް އެއީ ހަނދާންނައްތާލަން އެހާ ފަސޭހަކަމެއް ނޫނޭ، ޝަބާއަށް ނޭނގޭ ސިއްރުތަކެއް އަހަރެންގެ އެބަހުރި، އެއީ އެކަމަކުން ފިލާ ރައްކާވެވޭ ވަރަށް ވުރެ ބޮޑެތި ކަންތައް… އަހަރެން… އަހަރެން މާފަށް އެދެން ބޭނުން ޝަބާގެ ގާތުން، އެކަމަކު މާފަށް އެދޭނީ ކޮން ހައިސިއްޔަތަކުން ކަމެއް ނުވިސްނުނު، ކުރިމަތިލާނެ ހިތްވަރެއް އަހަރެންގެ ނެތް” ނަވާލު އިސްޖަހާލައިގެން އިނދެ ބުނެލިއެވެ.
“ތިހެން ހިތަށް އެރިކަންވެސް އެއީ ނަވާލުގެ ގައިގާ ރަނގަޅު ސިފަތަކެއް ވާކަމުގެ ހެއްކެކޭ، ކުއް ކުރެވޭމީހާއަށް އެކަން އިޙްސާސް ކުރެވުމަކީ ވެސް ހާދަ ބޮޑު ވަރެކޭ، ދެން އޮތީ އަވަހަށް އެކުށަށް ތައުބާވުން، މާފަށް އެދެންޖެހިއްޖެ ނަމަ އެކަންވެސް ކުރުން… ހަމަގައިމުވެސް އަހަރެން މާފުކޮއްފިން ނަވާލަށް، ޔަގީން ނާއިލުވެސް…” ޝަބާގެ ޖުމްލަ ނުނިމެނިސް ނަވާލު ވާހަކަ ދެއްކިއެވެ.
“ނޫން، ޝަބާ އަހަންނަށް މާފު ކުރިޔަސް ބީބީ އަހަންނަށް މާފެއް ނުކުރާނެ” ނަވާލު މިހެން ބުނެލީ ޔަގީން ކަމާއިއެކު ކަހަލައެވެ.
“ކީއްވެ ނުކުރާނީ، އަހަރެން ވިސްނައިދޭނަމޭ…” ޝަބާ ބުނެލިއެވެ.
“އަހަރެންގެ ސަބަބުން ބީބީއަށް އެހެން ދިމާވީ، އެހެންނޫންނަމަ ބީބީ ނުކުޅެދޭ މީހަކަށް ނުވާނެ، އަހަރެން ބޭނުމެއްނޫން މިކަން މަންމަ އާއި ބައްޕައަށް އެނގޭކަށް، އެހެންވެ މިކަން ސިއްރުކޮއްގެން މިހުންނަނީ، އަހަރެން ކަހަލަ ދަރިއަކު މަންމަ ބޭނުމެއްނުވާނެ، އަހަރެން ކިހާ ނުބައި ވީމަ އެވަރުގެ ކަމެއް ކުރަން ކެރޭނީ، އަހަންނަކީ މާފު ހައްްޤު މީހެއްނޫން، ޝަބާ ދެން ދޭ މިކޮޓަރިން” ނަވާލުގެ އަޑުގައި މަޑު ތުރު ތުރެއް ހުއްޓެވެ.
“ނާއިލަކީ ތިހީކުރާ ކަހަލަ ހިތްހަރު މީހެއްނޫން، އެއްފަހަރުވެސް…އާހް…” ޝަބާއަށް އޭނާގެ ބަނޑުގައި ކުއްލިއަކަށް ހިފަހައްޓާލެވުނެވެ. އިސްޖަހައިގެން އިން ނަވާލަށް ސިހިފައި ބަލާލެވުނެވެ. އެވަގުތު ހުރިހާ ވާހަކައެއް އަޑުއަހަން ހުރި މޯނާއަށް ކުއްލިއަކަށް ކޮޓަރި ތެރެއަށް ދެމިގަނެވިއްޖެއެވެ.
“ޝަބާ، ޑޮކްޓަރަށް ދާންވީތަ، މަންމައަށް ގޮވަންތަ… ނަވާ، މަންމައަށް ގޮވަން…” މޯނާ ހާސްވިއެވެ. ޝަބާ މޯނާގެ އަތުގައި ހިފަހައްޓާލުމާއިއެކު ކޮޓަރިން ނިކުންނަން އުޅުނު ނަވާލުގެ އަތުގައިވެސް ހިފިއެވެ.
“މަޑުކޮއްބަލަ، ކުޑަކޮށް ތަދެއް އެރީ އޭ، އިހަށް އަހަރެން ދައްކާ ވާހަކަ އަޑު އަހާބަލަ” ޝަބާ ރިހުންގަނޑު ހިންދާލަން މަސައްކަތް ކުރިއެވެ. ނަސީބަކުން އެހާ ގިނައިރު ނުހުރެ ރިހުން ލުއިވެއްޖެއެވެ.
“ނަވާލު، ދެމަފިރިން ދޭތެރޭގައި އެއްވެސް ކަމެއް ސިއްރު ކޮށްގެން ނުވާނެ، އެކަކު އަނެކަކަށް އިތުބާރު ކުރަންވާނެ، އެކަކު އަނެކަކަށް އެހީތެރިވެދީ ހިތްވަރު ދޭންވާނެ، ރަނގަޅު ކަންތައްތަކަށް ގޮވާލަންވާނެ، މޯނާ ވަރަށް ނަވާލު ދެކެ ލޯބިވާނެ ދެވަނަ އަންހެން ކުއްޖެއް ނުލިބޭނެ، ނަވާލާއިއެކު އުޅެން އޭނާއަށް ފުރުޞަތެއް ދީ، ދެން އަދި އެއްކަންތައް، ނަވާލު އަހަންނާއިއެކު މިހާރު ހިނގާ ނާއިލުގެ ގާތަށް، ގޮސް ހުރިހާ ވާހަކައެއް ކިޔާދީ… އަހަންނަށް އެނގުން މުހިންމެއްނޫން، އެކަމަކު ތި ދެބެންގެ މެދުގައިވާ ފަރުދާނަގާ، ދޮގުގެ ބަދަލުގައި ތެދުވެރިކަން ހިޔާރުކުރޭ، ދެރަވިޔަސް އެކަމުން ފަހުން ލިބޭ ހިތްހަމަ ޖެހުން ބޮޑުވާނެ، ނާއިލު ނޭދޭނެ ނަވާލުގެ ދިރިއުޅުން ހަލާކުވެގެން ދާކަށް، އަދި މިގޭ އެކަކުވެސް އެގޮތެއް ނޭދޭނެ، އަހަންނަށް ހީވަނީ އަހަރެން ވިހަންދާންވީ ވަގުތުވެސް ގާތްވެއްޖެހެން، އެކަމަކު އަހަންނަށްޓަކައި މިކަން އަވަސްކޮއްދީ” ޝަބާ އަމިއްލަ ބަނޑަށް ބަލާލާފައި ނަވާލުގެ އަތަށް ބާރުކޮއްލިއެވެ.
“ހުރިހާ އެންމެނަށްވެސް ތިޔަފަދަ ބޮޑު ހިތެއް ދެއްވިނަމަ…” ނަވާލުގެ ލޮލުން ފުރޮޅާލަފައި އެއައީ ބޮޑު ކަރުނަ ތިއްކެކެވެ. އެކަރުނަ ތިކި ޝަބާގެ ތުންފަތަށް ހިނިތުން ގެނުވިއެވެ. ޝަބާ ދެކުނީ ކަރުނައަކީ މީހާގެ ބަލިކަށިކަން ހާމަކޮއްދޭ އެއްޗެއް ނޫން ކަމުގައެވެ. އޭގެ ބަދަލުގައި އެކަރުނަ ފައިބައިގެންދަނީ ތިމާއަށް އެތަށް ހިތްވަރެއް ދެމުންނެވެ. ރަނގަޅު ގޮތް ޚިޔާރު ކުރަން ބޭނުންވާ މީހާއަށް ހެޔޮމަގު ދައްކާދެމުންނެވެ. ނަވާލު ޝަބާގެ ކޮނޑުގައި ވަށާލި އަތާއިއެކު ހިނގައިގަތެވެ.
ކޮޓަރިއަށް ވަން ނަވާލާއި ޝަބާ ފެނި ނާއިލަށް ލިބުނީ ޝޮކެކެވެ. މިވަނީ ކިހިނެއްކަން ނޭނގިގެން އުޅެނިކޮށް ސިކުނޑި ހަނާއަޅާލީ ޝަބާގެ މޫނުމަތިން ފެންނަމުންދިޔަ އަސަރުތައް ދެނެގަތުމަށެވެ. ޝަބާ ވިހަން ތައްޔާރުވީކަން އެނގުނެވެ.
“ކޮބާ މަންމަ، މޯނާ…” ނާއިލުވެސް ހާސްވީއެވެ. އެވަގުތު ޝަބާ އެހަށް މަޑުކުރުމަށް އަތުން އިޝާރާތްކުރިއެވެ.
“ނަވާލު އެއައީ ނާއިލުގެ ގާތުގައި ވަރަށް ބޮޑު ވާހަކައެއް ބުނަން، މީ އެންމެ ރަނގަޅު ވަގުތު، ނާއިލު، އޭނާގެ ވާހަކަ އަޑުއަހާބަލަ” ނަވާލު، ޝަބާ ގެނެސް ސޯފާގައި ބޭންދިއެވެ. އެވަގުތު ޝަބާގެ ގާތަށް މޯނާ ޖެހިލުމުން އޭނާގެ އަތަށް ޝަބާ ދޫކޮއްލުމަށްފަހު ނަވާލު، ނާއިލުގެ ގާތުގައި ގޮސް ކަކޫ ޖަހާލިއެވެ.
“ބީބީ، އަހަންނަށް މާފުކުރޭ، އަހަރެންގެ ނުބައިކަމުން ގަސްދުގައި ކުރިކަމަކުން ބީބީއަށް މިހާބޮޑު ދެރައެއް ލިބުނީ، އެދުވަހު އަހަރެން ބޭނުންނަމަ ބީބީ ސަލާމަތްވެސް ކުރެވުނީސް، މި ވިސްނުނީ މާފަހުން، ބީބީ އަށްޓަކައި އަހަންނަށް ކޮއްދެވޭނެ ކަމެއްވެސް ނެތް، ބީބީ ބޭނުންނަމަ އަހަންނަށް ތިކަމުގެ ބަދަލުގައި ކޮންމެ ކަމެއް ކުރަން އެންގިޔަސް ކޮއްދޭނަން، އަހަންނަށް… މާފު…” ނަވާލު، ނާއިލުގެ އަތްތިލައިގައި ހިފާލުމާއިއެކު ބޯއަޅައިގެން އޮވެ ރޮމުންދިޔައެވެ. ނަވާލު އެގޮތަށް ރޮނިކޮށް ނާއިލު މިނޫނީ ނުދެކެވެ. ކުޑައިރުވެސް ނަވާލަކީ ވަރަށް ހިތްވަރު ގަދަ، ބުނާ ގޮތުގައި ހިފަހައްޓާ ކުއްޖެކެވެ. އެހެންނަމަވެސް މިހާރު ނާއިލަށް ސިފަވަމުންދިޔައީ މުޅިން އެހެން މީހެކެވެ. ނާއިލު ބަލާލީ ޝަބާއަށެވެ. އެއްވެސް އެއްޗެއް ނުބުނެ ބަލަން ފެށުމުން ޝަބާ އޭނާގެ ރިހުމުގެ ތެރެއިން ހިނިތުންވެލަމުން ބޯޖަހާލީ އެކަން ކޮށްދޭށޭ ބުނާފަދައިންނެވެ. އެހެންނަމަވެސް ނާއިލު ހަމަ އެއްވެސް އެއްޗެއް ނުބުންޏެވެ.
ޝަބާއަށް ކެތްނުކުރެވިގެން ސޯފާގައި ހިފާލުމާއިއެކު ދަތްޕިލާ ޖައްސާ ބާރުކޮށްލީ ރިހުން ހިފަހައްޓާލާށެވެ. އެވަގުތު މޯނާ އަވަހަށް ދުއްވައިގަތީ ސަމީރާ ހޯދާށެެވެ. ވާނުވާ ޝަބާއަށް ނޭނގިގެން އުޅެނިކޮށް، ފެނުނީ އޭނާ ގެންގޮސް ގޭގެ ކާރަށް އެރުވިތަނެވެ. ވަރުބަލިކަމުގެ ފުންނޭވާތަކާއިއެކު އޭނާގެ ލޮލުގައި އަޅައިގަތީ ޑްރައިވަރު ސީޓުގައި އިންނެވި އަސްލަމެވެ. ދުވަހަކުވެސް ނުފެންނަ މަންޒަރެކެވެ. ދެފަރާތުގައި މޯނާ އާއި ސަމީރާ ތިބިއިރު އަސްލަމް އާއި ޖެހިގެން ކުރީ ސީޓުގައި އިނީ ނަވާލެވެ.
“ނާއިލު… ނާއިލު…” ޝަބާއަށް އެވަގުތުވެސް ހިތާ ހިތާ ކިޔާލެވުނީ އެނަމެވެ. މިވަގުތު އޭނާގެ އެންމެ ގާތުގައި ހުރުމަށް އެދޭ ފަރާތަކީ އެއީއެވެ.
އޭޑީކޭ ހޮސްޕިޓަލަށް ކާރު މަޑުކޮއްލުމާއިއެކު ހަލުވި ކަމާއިއެކު ނަވާލު ފައިބައިގެން ދިޔައީ ފުރޮޅުލީ ގޮނޑިއެއް ބަލައެވެ. އަސްލަމް އިންނެވި ފަރާތު ދޮރުފަތުގެ ބިއްލޫރި ގަނޑުގައި މީހަކު ޓަކި ޖެހުމާއިއެކު ބަލާލެއްވި އިރު، ހޮސްޕިޓަލުގެ އިސް މެންބަރުންގެ ތެރެއިން މެންބަރެކެވެ.
“އަސްލަމް ކާރުގައި އިންނަވަން ޖެހުނީ، ކިހިނެއްތޯވީ” އަސްލަމް ދޮރުގެ ބިއްލޫރި ގަނޑު ތިރިކޮއްލެއްވުމާއިއެކު ޒުހައިރު އެއްސެވިއެވެ.
“އަޅުގަނޑުގެ ދަރިއަކު ވިހަންވެގެން” އަސްލަމް ހާސްވެފައި އިންނަވާ ޖަވާބުދެއްވިއެވެ.
މީކާ އާއި ނީލް، ނާއިލު ގޮވައިގެން ހޮސްޕިޓަލަށް އައިރު، ޝަބާވަނީ ވިއްސާ ކޮޓަރިއަށް ވެއްދުމަށް ތައްޔާރު ކުރެވިފައެވެ. ރޭގަނޑެއްކަމަކު ހޮސްޕިޓަލުގައި މީހުން ގިނަވެފައި، އެހެންމީހުންނަށްވެސް އަސްލަމްގެ ޢާއިލާ އަކީ އާދައިގެ ޢާއިލާއެއް ނޫންކަން އެނގޭހާވެއެވެ. ތަނުގެ ވެރިން އެބައެއްގެ ފަހަތުން އުޅޭނީ ބާރު އޮތް މީހުންގެ ފަހަތުގައިކަން އެނގޭކަހަލައެވެ. އެހެންވެ ކަންނޭގެއެވެ. އެންމެންގެ ނަޒަރުތައްހެން ވަނީ އެ ޢާއިލާއަށް ހުއްޓިފައެވެ.
ވިއްސާ ކޮޓަރިއަށް ވައްދަންދެންވެސް ނާއިލު އިނީ ޝަބާއަށް ފެންނަ ހިސާބުގައެވެ. އިރާދަކުރެއްވިއްޔާ ހުރިހާ ކަމެއްވެސް ރަނގަޅުވާނެ ކަމުގައި ބުނަމުންދިޔައެވެ. އަދި އެނބުރި އޭނާގެ ގާތަށް އައުމަށް އެދެމުން ނާއިލު ދިޔައެވެ. އެންމެ ފަހު ވަގުތުކޮޅުވެސް ޝަބާ ބޭނުންވީ އެގޮތެވެ. ނާއިލު އޭނާގެ ގާތުން އެނބުރި އައުމަށް އެދުނީތީ އުފާވިއެވެ. ނާއިލަށް ޝަބާ ބޭނުންވާވަރު އެކަމުންވެސް އޭނާއަށް އެނގުނެވެ.
އެންމެންވެސް ތިބީ ހާސްވެ ކަންބޮޑުވުމެއްގެ ތެރޭގައެވެ. ޝަބާގެ ގާތުގައި ހުރީ ސަމީރާއެވެ. ޝަބާ އެހާލުގައި ވަނިކޮށް ދެކެން ނާއިލަށް ކެތްނުވާނެތީވެ، ޚުދު އޭނާގެ އެދުމުގެ މަތިންނެވެ. ޝަބާގެ ޢާއިލާއަށް ނީލް ގުޅުމާއިއެކު ވަފިއްޔާ އާއި އެންމެ ހަގު ކުއްޖާ އައިސް ތިއްބެވެ. އެމީހުންނަށްވުރެ ކުޑަ އިރުކޮޅެއް ފަހުން މުހައިމިން އެތަނަށް އައެވެ. އަސްލަމް ސަލާމް ކުރެއްވުމާއިއެކު ޝަބާގެ ހާލުގެ ވާހަކަ އޮޅުން ފިލުއްވާ ދެއްވިއެވެ.
ނާއިލުގެ ޚިޔާލަށް އައީ އޭނާ އެދިގެން ޝަބާ އޭނާގެ މާބަނޑު ނާއިލަށް ދައްކާލި ރޭގެ ހަނދާންތަކެވެ. ޝަބާ މަޑުމަޑުން އޭނާގެ އަތް ގެންގޮސް ބަނޑުގައި ޖައްސާލި ވަގުތު އޭނާއަށް ކުރެވުނު އިޙްސާސެވެ. ޝަބާގެ ރަޙިމުގައި ވިއެއް ކަމަކު އެކުދިންގެ ބައްޕަ ދެނެގެންފިކަން އެނގުނީ ޝަބާގެ ބަނޑުން ތޮޅެލި ތޮޅެލުމެވެ. ނާއިލަށް ދެލޯ މަރާ ބާރުކޮއްލެވުނެވެ. އޭނާގެ ދަރިން އޭނާގެ އަތަށް އިތުރު ދިރުމެއް ގެނެސްދީފިއެވެ. އެ އަތާއިއެކު ހަށިގަނޑުގެ ފޫޅުން މަތިން އެއްފަރާތް މަސައްކަތް ކުރަން ފަށައިފިއެވެ. ނާއިލަށް އެނދުގައި އޮވެ ކުޑަކުޑަކޮށް ހަށިގަނޑު ހިއްލާލެވޭތީ އޭނާ ހުރީ އުފަލުންނެވެ. އޭނާއަށް ތެދުވޭ ދުވަހަކުން މިހާރު ނާއިލު ބޭނުންވަނީ އެއަތުގެ ތެރެއަށް ޝަބާ ގެނެސް ލާށެވެ. އެއަތުގެތެރޭ ޝަބާ އުރާލާ ލޯބިކޮއްލާށެވެ. އެ ޚިޔާލާއި އެކު ނާއިލުގެ ތުންފަތަށް ލުއި ލުއި ހިނިތުންވުމެއް ވެރިވެގެންދިޔައެވެ.
އަސްލަމަށް އިސްކަމެއް ދެއްވާފައި ވާތީވެ ހޮސްޕިޓަލުން ކޮޓަރިއެއްވެސް ހަމަޖެހުނީ ވަރަށް ވެސް ފަސޭހަ ކަމާއިއެކުއެވެ. ލޯބި ލޯބި ދެ ފިރިހެން ކުދިންނާއިއެކު ހެޔޮ ހާލުގައި އޮތް ޝަބާ ޕްރައިވެޓް ކޮޓަރިއަށް ގެންދިޔައެވެ. އޭރު ނާއިލަށް އަދި ފެނުނީ ދެކުދިންގެ މޫނު އެކަންޏެވެ. އަތާއި ހަމައަށް އެއިން އެއްވެސް ދަރިއަކު ނުފޯރައެވެ. އެވަގުތުވެސް ޝަބާގެ ލޯ ހޯދަމުން ދިޔައީ ނާއިލެވެ.
މޫނުމަތީގައި މަޑު ރަތްކަމެއް ހަރުލާފައި ހުރުމާއިއެކު ފެންނަނީ ވަރުބަލިކަމެވެ. ނަމަވެސް ޝަބާ ދެލޯ މަރާލަން ބޭނުން ނުވެފައި އޮވެ ކޮޓަރީގައި ތިބި އެންމެންގެ މޫނުތަކަށް ވަކިން ވަކިން ނަޒަރު ހިންގަމުންދިޔައެވެ. އޭރު މީކާ، ނާއިލުގެ ގޮނޑި ދުއްވަމުން އައިސް ޝަބާގެ އެނދާއި ކައިރި ކޮއްލިއެވެ.
“ވަރަށް ލޯބި…ހީވަނީ ފުއްގުޅަތަކެއްހެން، ތެންކިޔު” ހިނިތުންވެލައިގެން އިނދެ ނާއިލު ބުނެލިއެވެ.
“ދަރިފުޅާ…” ސަމީރާ އައިސް ނާއިލުގެ ގާތުގައި ހުއްޓެމުން ކުޑަކޮށް ގުދުވެލާފައި އޭނާގެ އަތުގައި އޮތް މާމަ ދަރިފުޅު ދައްކާލިއެވެ. އެވަގުތު މާނަ ފުން ބަލާލުމަކުން އެ ތުއްތު ދަރިފުޅަށް ނާއިލު ބަލާލިއެވެ. ކުޑަ ކުކުރުމަކާއިއެކު އެ ދަރިފުޅު އޮތީ ދެލޯ މަރާލައިގެންނެވެ.
“މީ އަހަރެން ޝަބާ ދެކެ ވާ ލޯބީގެ ފުރަތަމަ ނިޝާން، ކިހާ ފުރިހަމަ…” ނާއިލުގެ ހިތަށް ލިބުނު ހިތްހަމަޖެހުމެއްގެ ބޮޑުކަމުން އުފާވެރިކަމުގެ ކަރުނަ އެ ދެލޮލުން ނިރާލިއެވެ. އޭނާގެ ހިތަށް އެރި އެއްޗެއްގެ އަޑު ނީވުނަސް ލޮލުން ފާޅުވެގެން ދިޔަ އިޙްސާސް ސަމީރާ އަށް ފެނުނެވެ.
“ދަރިފުޅު ރޮނީތަ” ސަމީރާ ހިނިތުންވެފައި ހުރެ އަހާލިއެވެ. ޚުދު އޭނާވެސް އެހެރީ ވަރަށް އުފަލުންނެވެ.
“ނޫން” ނާއިލު އޭނާގެ މޫނު ފޮރުވާލަން އިސްޖަހާލުމުން އޭނާގެ ގޮނޑުގައި ޝަބާ އަތްޖައްސާލިއެވެ.
“މަންމާ، ނާއިލުގެ އަތަށް ދެކުދިންވެސް ލާދީބަލަ” ޝަބާގެ ލޯބިން ފުރިގެންވި އަޑު އިވި ނާއިލަށް ބަލާލެވުނެވެ. އަދި އެއްވެސް އިޙްތިޔާރަކާއި ނުލާ އޭނާގެ އެއް އަތް އުފުލާލުމާއިއެކު ޝަބާގެ ކޯތާފަތުގައި ފިރުމާލިއެވެ. ހައިރާންވެފައި އޮތް ޝަބާއަށް ކުއްލިއަކަށް ނާއިލުގެ އަތުގައި ހިފާ ބާރުކޮއްލެވުނެވެ.
“ނާއިލު… އަލްހަމްދުﷲ… މަންމާ، ފެނުނުތޯ” ޝަބާއަށް އަވަސް އަވަހަށް ބަލާލެވުނީ ގާތުގައި ސަމީރާއަށެވެ.
“މާތްރަސްކަލާނގެ ކުޅަދުންވަންތަކަން، އަލްހަމްދުﷲ… އުފަލުގެ ކޮޅެއްނެތް” ނާއިލުގެ ހަރަކާތްފެނި އަޖައިބުވެ އަންތަރީސްވެފައި ހުރި ސަމީރާއަށް ބުނެލެވުނެވެ. އަސްލަމް އުފަލުން ދުރުވެ ނާއިލުގެ ގައިގާ ހިފަހައްޓާލެއްވުމާއިއެކު ބޮލުގައި ބޮސްދީފިއެވެ.
“މިދުވަސް ދެކެން ބައްޕަ އިންތިޒާރު ކުރާތާ ކޮންދުވަހެއް، ޝުކުރިއްޔާ ޝަބާ، ދަރިފުޅު މި ޢާއިލާއަށް އައިފަހުން، ހީވަނީ ދަރިފުޅާއިއެކު ރަޙުމަތުގެ ވިލާގަނޑެއް އައިސް މި ޢާއިލާއަށް ހިޔާއަޅަމުން ދާހެން، ﷲ ގެ ރަޙުމަތްފުޅު ދަރިފުޅާއިއެކު ވޭ، އަލްހަމްދުﷲ… މި ފަދަ އުފާވެރި ދުވަސްތައް ގިނަކުރައްވާންދޭވެ” އަސްލަމް ހަމްދު އެޅުއްވިއެވެ. އެއާއިއެކު ދެންތިބި އެންމެންވެސް އެފަދައިން ކަންތައްކޮއްފިއެވެ. އަސްލަމް ޅީދަރިފުޅުގެ އަތުގައި ހިފާލެއްވުމާއިއެކު ޝަބާގެ ބޮލުގައި ލޯތްބާއިއެކު ފިރުމާލެއްވިއެވެ. އޭރުވެސް ނާއިލު އިނީ ޝަބާގެ އަތުގައި ހިފާލައިގެންނެވެ. ދުވަހަކުވެސް އެއަތުން ދޫކޮއްލަން ބޭނުންނުވާ ފަދަ އިންނެވެ.
“މީ ދޮށީ ކުއްޖަކީ، ބަލާބަލަ، މިދެބެން ހީވަނީ ނާއިލު އާއި ނަވާލު ކުޑައިރުގަ ހެން، ނަވާލު ވެސް ހަގެއް ކަމަކު، ވިހޭއިރު ނާއިލަށް ވުރެ ބަރުވެފައި ބޮޑުކޮށް އޮތީ، ހަމަ އެގޮތަށްވެފަ މިއޮތީ” ސަމީރާގެ އަތުގައި އޮތް ކުޑަދަރިފުޅު ނާއިލުގެ އަތަށް ލާދެމުން ބުނެލިއެވެ. ނާއިލު ވަރަށް ބަލައިގެން އޭނާގެ އެންމެ އަތެއްގެ ތެރޭ ދަރިފުޅު ހިފަހައްޓާލިއެވެ. އެހެންނަމަވެސް އެތުއްތު ކުއްޖާގެ ގައިން އަތްދޫކޮއްލަން ސަމީރާ ހުރީ ނުކެރިފައެވެ. އޭނާ އަށް ވިސްނުނު ގޮތުގައި ނާއިލުގެ އަތުގައި އަދި އެހާ ވަރެއް ނުހުންނާނެ އެވެ.
“ދަރިފުޅާ، މީ ދަރިފުޅުގެ ބައްޕަ އޭ” ނާއިލުގެ އަތުގެ ތެރޭގައި އޮތް ކުޑަކުޑަ ފުރާނައަށް ގޮވާލި އިރު އޭނާގެ ހެވިފައިވާ ތުންފަތުގެ ދޭތެރެއިން ދަތްތައް ފެންނަމުން ދިޔައެވެ.
ކޮންމެ މީހަކު ވަކި ވަކިން ދެކުދިން އުރާލަމުން ދިޔައިރު ނަވާލު ހުރީ ދުރުގައި މަޑުކޮއްލައިގެންނެވެ. ދެތިން ފަހަރަށް ޝަބާ އޭނާއަށް ބަލާލުމުންވެސް ފަނޑުހިނިތުންވުމެއް ދިނެވެ. ނަމަވެސް އެމީހުންގެ ގާތަށް އަންނާކަށް ނޫޅުނެވެ. ނާއިލުގެ އުފާވެރިކަމުގައި އޭނާ ބައިވެރި ވުމުގެ އެއްވެސް ހައްޤެއް ނޯންނާނެ ކަމުގައި ނަވާލަށް ވިސްނެއެވެ. ދުރުގައި ހުންނަނީ އެހެން ހީވެގެންނެވެ.
ރޭގަނޑު ކެއުން އޮތީ ހޮސްޕިޓަލުގެ ތެރޭގައި ކަމަށްވާތީ، އެތަނުގައި ހުރި ކެޕެޓޭރީއާ އަށް އެންމެން ދިއުމުން ނަވާލު މަޑުކޮއްލީ ކޮޓަރީގެ ބޭރުގައި ހުރި ގޮނޑިތަކުން ގޮނޑިއެއްގައެވެ. އޭރު މީކާ އާއި ނާއިލު ކޮޓަރިތެރޭގައި އުޅެއެވެ. ނާއިލު އިނީ ޝަބާގެ އެނދާއި ދާދި ގާތުގައެވެ. މަޑުމަޑުން އިނދެގެން ޝަބާގެ އިނގިލިތަކާއި ކުޅެމުންދިޔައެވެ.
“ނާއިލު، ކީއްވެތަ ނަވާލަށް މާފު ނުކުރަން ތިއުޅެނީ، އޭނާއަށް ރަނގަޅުވާން ފުރުޞަތު ދިނުމަށް ނާއިލު ބޭނުމެއް ނުވޭތަ” ޝަބާ އަހާލިއެވެ.
“އަހަރެން އޭނާ އާއި ވާހަކަ ދައްކާނަން، އެވަގުތު މާފު ދޭން ބޭނުން ނުވެގެން ނުދިނީ، ޝަބާ އޭނާއަށް މާފުކޮއްފިއްޔާ އަހަރެން ކީއްވެ ވަކި އޭނާއަށް މާފު ނުކުރަންވީ، އެކަމަކު އެވަގުތުގެ ގޮތުން އަހަރެން ބޭނުންނުވީ މާފު ކުރަން، އަހަރެން ބޭނުމީ އަހަރެންގެ އަމިއްލަ ގޮތުގައި އޭނާއަށް މާފު ކުރަން، އޭނާ ބަދަލު ވެއްޖެއޭ އަހަރެންގެ ހިތް ބުނި، މޯނާ ޒުވާބު ކުރި ދުވަހުވެސް، ނަވާ، މަންމަ އާއި ބައްޕަ ކުރިމަތީ ރުއީ ހުރިހާ ކަމަކާ ވަރަށް ދެރަވެގެންކަން އެނގުނު، އަދި އެދުވަހު އޭނަ އަހަންނަށް ބަލާލި ގޮތުން އެނގުނު ވަރަށް ގިނަ ވާހަކަދައްކަން އޭނާ ބޭނުންވެފައި ހުރި ކަން، އަހަރެން ގަސްދުގަ އެފުރުޞަތު ނުދިނީ، ބޭނުންވީ އެހާ ފަސޭހައިން މާފެއް ނުދެވޭނެކަން އަންގަން… އަސްލު، އަހަރެން… އަހަރެން ވަރަށް ދެރަވި އޭނަ ޝަބާ އާއި މެދު ކަންތައް ކުރި ގޮތުން، އެކަމާ ބޮޑަށް ރުޅި އާދެވުނީވެސް، އޭނާގެ ސަބަބުން އަހަންނަށްވެސް އަތުން ފައިން ގޯސް ހެދުނީ” ނާއިލު ބުންޏެވެ. އިތުރަށް ޝަބާ އެއްވެސް އެއްޗެއް ނުބުނެ ނާއިލަށް ބަލަހައްޓައިގެން އޮތީއެވެ.
ނާއިލުގެ އަތުގެ ބީހުން އިޚްސާސް ކުރެވޭ ކޮންމެ ފަހަރަކު ޝަބާގެ ހަށިގަނޑު ފިނިވެގެންދެއެވެ. ބުނެދެން ނޭނގޭ ފަދަ ތަފާތު އޮއެވަރެއް މުޅި ހަށިގަނޑުގައި އުފެދިގެންދެއެވެ. ހިތްފުރި ބަންޑުން ވެދާނެހެންވެސް ބައެއް ފަހަރު ޝަބާ އަށް ހީވެއެވެ. ނާއިލުގެ އަތުގެ ބީހުމުގައި އަރާމުކުރުވަނިވި މަޑުހޫނުކަމެއް އެކުލެވިފައި ވެއެވެ. ބައެއް ފަހަރު ހަށިގަނޑު ނާއިލުގެ ދެއަތުގެ ތެރެއަށް ދޫކޮއްލަން ޝަބާގެ ހިތަށް އަރައެވެ. އަނެއްބައި ފަހަރު ހިތުގައި އުފެދޭ ހުރިހާ އިޙްސާސެއް ނާއިލުގެ ކުރިމައްޗަށް ބަންޑުން ކޮއްލަން އޭނާ ހިތަށް އަރައެވެ. ޝަބާ ވަރުބަލިވެގެން ނިދުނީ މިފަދަ ޚިޔާލުތަކެއްގައި އޮއްވައެވެ. އޭނާގެ ހިތާއި ސިކުނޑީގެ ކޮންމެ ނާރެއްގައި ވަނީ ނާއިލެވެ. އެހެން އެއްވެސް ކަމަކާ ފިކުރު ހިންގުމުގެ ކުޅަދާނަކަމެއް މިވަގުތު ޝަބާގެ ނެތެވެ.
ނިދިފައި އޮތް ޝަބާގެ އަތްތިލަ މަޑުމަޑުން ގެނެސް ނާއިލުގެ ތުންފަތާ ކައިރިކޮއްލުމާއިއެކު ބޮސްދީފައި ބޭއްވިއެވެ. އެހަރަކާތުންވެސް ނާއިލުގެ ހިތަށް ފިނިކަމެއް ލިއްބައިދީފިއެވެ. ސަމީރާގެ ދެމަފިރިންނާއި، މޯނާ އާއިއެކު ޝަބާގެ ޢާއިލާގެ މެންބަރުން އައިސް އެކޮޓަރިއަށް ވަނީ އެވަގުތުއެވެ. އަދި ޝަބާއަށް ނިދިފައި އޮތުމުން އެންމެންވެސް މަސައްކަތްކުރީ ބާރުއަޑެއް ލައްވާނުލާ އެތާ ތިބެވޭތޯއެވެ. ނާއިލު މީކާ ގާތު ބުނެގެން ނުކުތީ ކޮޓަރިން ބޭރަށެވެ.
ނަވާލަށް ކޮޓަރިން ނުކުތް ނާއިލު ފެނުމާއިއެކު އިންތަނުން ތެދުވެގެން ދުރަށް ދިއުމަށް ހިނގައިގަތެވެ. އެވަގުތު ނާއިލު އޭނާއަށް ގޮވާލިއެވެ.
“އާދެބަލަ މިތާ އިށިންނަން” ނަވާލު ބަލަހައްޓައިގެން ހުންނަން ފެށުމުން ނާއިލު ބުނެލިއެވެ.
“ބީބީ…” ނަވާލު އިސްޖެހިފައި އިނދެ ބުނެލިއެވެ.
“މާފު ކޮށްފިން” ނާއިލު ކުރުކޮށް ބުނެލިއެވެ.
“އައި އެމް ރިއަލީ ސޮރީ ބީބީ” ނަވާލަށް ބުނެލެވުނެވެ.
“އަހަރެން ނަވާއަށް މާފު ކޮށްފިން، އެކަމަކު އެއްޗެއް އަހާލަން ބޭނުން” ނާއިލު ބުނެލިއެވެ.
“ބީބީ އަށް ހުރިހާ ވާހަކައެއް އަހަރެން ކިޔާދީފާނަން” ނަވާލު އަވަސް އަވަހަށް ބުނެލިއެވެ.
“ހުރިހާ ވާހަކައެއް އަޑު އެހުމުގެ ޝައުގުވެރިކަމެއް އަހަރެންގެ ނެތް، އެކަމަކު އެނގެން ބޭނުންވަނީ ޝަބާ އާއިމެދު އެހެން ކަންތައް ކުރީ ކީއްވެގެންތޯ” ނާއިލު އެހިއެވެ.
“ބީބީ، އަހަރެން އެންމެ ފުރަތަމަވެސް ލޯބިވީ މަނާރު ދެކެ، އަހަރެން ހުރީ އޭނާއަށް ލޯބި ހުށައަޅަން ވެގެން، އެކަމަކު ބީބީ ދެކެ އޭނާ ލޯބިވީ، ބީބީގެ ފަރާތުން އޭނާ އަށް އިޝާރާތެއް ވީމަ، އަހަންނާއިމެދު މަނާރު ވިސްނަން ފުރުޞަތުވެސް ނުލިބުނީ، އޭރުވެސް މޯނާ އަހަރެންދެކެ ލޯބިވޭ، އެކަމަކު އަހަރެން ކިހިނެއް ދެމީހުން ދެކެ ލޯބިވާނީ، އެހެންވެ އަހަރެން މޯނާ ބޭނުންކުރީ އެންމެންގެ ލޮލުގައި އެޅުވި އަނދުނެއް ފަދައިން، ނަމެއްގަ އޭނާ އާއި ގާތްކަމެއް ބޭއްވީ، އެވަރުންވެސް އޭނާ ހުރީ އުފަލުގަ، އެކަމަކު އެހެން ހެދުމުންވެސް ލަނޑު ލިބުނީ އަހަންނަށް، މަނާރު އަހަރެންދެކެ ލޯބި ވާން ބޭނުން ނުވަނީ މޯނާ އަހަރެންދެކެ ލޯބިވާތީ… އެ ނުބައި ރޭވުން ރޭވީ އަމިއްލައަށް، ބީބީ، މަނާރާއިއެކު ވަރަށް ގާތްކޮށް އުޅުނުކަން އަހަންނަށް އެނގުމުން ކެތްނުގެން އެހެން ކަންތައްކުރީ، ދެން ޝަބާ، ބީބީގެ ލައިފަށް އައީމަ، އަހަންނަށް ފާހަގަ ކުރެވުނު ބީބީ ޗޭންޖުވިކަން، އަދި ޝަބާގެ ހުރިހާ ސަމާލުކަމެއް ބީބީއަށް ދޭތަން ފެނުނު، އޭގެ އިތުރުން އަހަންނަށް އެއްރޭ ދަންވަރު ފެނުނީ ޝަބާ ބުރުގާ ނާޅާ ކޮޓަރިން ބޭރަށް ނުކުމެ ރޯން އިންދާ، ހިތަށް އެރީ އެހާ ރީތި އަންހެން ކުއްޖެއް، ބީބީއަކަށް ވޯތްއެއް ނުވާނެއޭ، ޝަބާ އަހަރެންގެ ދިރިއުޅުމަށް ގެނެސްފިއްޔާ އޭނާގެ ހުރިހާ ސަމާލުކަމެއް އަހަންނަށް ދޭނެޔޭ، މޯނާދެކެ ލޯބި ނުވާތީ އޭނާ ދޫކޮއްލުމަކީ ފަސޭހަކަމެކޭ، އެކަހަލަ އެތަށް ބައިވަރު ޚިޔާލުތަކެއް އަހަރެންގެ ސިކުނޑި ކަމުން ދިޔައީ، ބީބީ، މިހުރިހާ ވާހަކައެއް ކިޔާދިނެއްކަމަކު، މިހާރު އަހަރެންގެ ވިސްނުން ބަދަލު ވެއްޖެ، މޯނާވެސް ބަދަލު ވެއްޖެ، ޝަބާގެ މައްޗަށް ބީބީ ނޫން މީހެއްގެ ހައްޤެއް ނެތް، އަހަންނަށް ޔަގީން ޝަބާ، ބީބީ ދެކެ ވަރަށް ލޯބިވާކަން، އަދި ބީބީވެސް ޝަބާދެކެކަން ލޯބިވަނީ، ތިދެމެދަށް އެޅޭ ހުރައެއް ކަމަށް އަހަންނެއް ނުވާނަން، އިރާދަކުރެއްވިއްޔާ ދެން މަސައްކަތް ކުރާނީ ރަނގަޅު ދިރިއުޅުމެއް އުޅެވޭތޯ، މާޒީގައި ކުރެވުނު ކުއްތަކަށް ތައުބާވެ، މޯނާ އާއިއެކު ރީތި އުޅުމެއް އުޅެވޭތޯ، ބީބީ އާއި ޝަބާ އަހަންނަށް މާފު ކުރުމުން ނޫނީ އަހަރެންގެ ދިރިއުޅުން ފަސޭހައެއް ނުވާނެކަން ޔަގީން” ނަވާލުގެ ލޮލުން ވެއްޓުނު ކަރުނަތިކި ޖެހުނީ ތަޅުމުގައެވެ. އެތަން ނާއިލަށް ފެނުމުން ނަވާލުގެ ކޮނޑުގައި އަތްޖައްސާލިއެވެ.
“ނަވާ އެއްފަހަރުވެސް ބުނި ނަމަ، އަހަރެން މަނާރާއި އެއްވެސް ގުޅުމެއް ނުބާއްވާނަން” ނާއިލުވެސް ދެރަވެފައި އިނދެ ބުނެލިއެވެ.
“އަހަންނަށް ނުބުނެވުނީ” ނަވާލު ހިންދިރުވާލުމާއިއެކު ބުނެލިއެވެ.
“މޯނާ ފަދަ އަންހެން ކުއްޖެއް ނަވާލަށް ނުލިބޭނެ، މަނާރަށްވުރެ މޯނާދެކެ ލޯބިވުން ނަވާ އަށް މާ ހައްގުކަން ބޮޑު، އަހަރެން ނަވާއަށް މާފުކޮށްފިން، ހެޔޮ ހިތުން މާފު މިކުރީ” ނާއިލު މިހެން ބުނުމާއިއެކު ނަވާލަށް އޭނާގެ ނަފްސެއް ނުހިފެއްޓުނެވެ. ގޮނޑިން ތެދުވުމާއިއެކު ނާއިލުގެ ގައިގާ އޮޅުލައިގަނެއްޖެއެވެ. އެތާ ކައިރީގައި ބަޔަކު ނެތުމުން އެމީހުންގެ މެދުގައި ހިނގާ އެއްވެސް ކަމެއް މީކާ ނޫން ދެވަނަ ފަރާތަކަށް ނުފެނެއެވެ.
* * * *
ވިހޭތާ ހަތްދުވަސް ވީއިރު ޝަބާގެ ހާލު ރަނގަޅުވެފައި ތެދުވެ އުޅެއެވެ. ގޭތެރޭގައި ހަލަބޮލިވެގެން އެންމެން އުޅޭއިރު އަސްލަމްގެ އަތުގައި އެއްކުއްޖަކު އޮތްއިރު އަނެއްކުއްޖާ އޮތީ މުހައިމިނުގެ އަތުގައެވެ. އެމީހުންގެ ގާތުގައި ނަވާލާއި ނާއިލު ތިއްބެވެ. ޝައުގުވެރިކަމާއިއެކު އެތުއްތު ދެކުދިންގެ ބޯ ބާލާތަން ބަލަންށެވެ. ޝަރުމީލާގެ މޫނުމަތިވެސް ގެއަށް އައި ކުޑަކުޑަ ދެމެހެމާނުން ވަނީ ބަދަލު ކޮއްލާފައެވެ. ޝަބާ ގިނައިރު ތެދުވެ އުޅޭތަން ފެނިއްޖެނަމަ އެހެން ނޫޅުމަށް ޝަރުމީލާ ނަސޭޙަތްތެރިވެއެވެ. ކަމެއް ކުރަން އުޅެފިނަމަ އެކަމެއް މަނާ ކުރުމާއިއެކު ޝަބާއަށް އެހީތެރިވުމަށް އަވަސްވެގަނެވެ. ކުޑަދަރިފުޅު ނިންދެވުމަށް ޝަބާއަށް ބައެއް އިރު އިރުގައި އެހީވެއެވެ. ހީވީ ޝަރުމީލާގެ އެކަނިވެރި ދިރިއުޅުންވެސް ފަޅުފިލައިގެން ދިޔަހެންނެވެ. ގޭތެރޭގައި އުފާވެރިކަމުގެ ކުލަތައް ފެތުރިފައިވެއެވެ. ވަފިއްޔާ، ޝަބާގެ ހާލު ބަލަން އަންނަލެއް ގިނައެވެ. މާމަ ދަރިން ދެކިލާހިތުން އޭނާވެސް ހުންނަނީ ހިތްއަވަސް ވެފައެވެ. ވަފިއްޔާ އަންނަ ކޮންމެ ފަހަރަކު ޝަބާގެ ބައްޕަ މުހައިމިނުވެސް އެގެއަށް އާދެއެވެ. އަދި ޚާއްޞަކޮށް މިއަދަކީ ނާއިލު އާއި ޝަބާގެ ކުދިންނަށް ނަން ކިޔާ ޞަދަގާތް ބަހާ ދުވަހެވެ. އެހެންވެ ދެފަރާތުގެ ޢާއިލާގެ މެންބަރުންވެސް ގޭގައި ހަމައަށް އުޅެއެވެ. ޝަބާގެ އެއްބަނޑު އެއްބަފާ ކުދިންވެސް އުފަލުން އައިސް ޝަބާގެ ކުދިންނަށް މަރުޚަބާ ކިޔެވެ. ލިބުނު ދަރިންނާއިއެކު އެތަށް ބައެއްގެ ލޯބި، ރިޒުގުގެ ވާރޭ ފަދައިން ޝަބާއަށް އޮހެމުންދިޔައެވެ. އެހެންވެ އަބަދުމެ ހެން ހުރެވެނީ ހިނިތުންވެވިފައެވެ.
“މިތަނުން ޔޫޢާން އަކީ ކޮބާ ކަމެއް އަދި ޔުމާން އަކީ ކޮބާ ކަމެއް މިހާރު ނޭނގޭ ދޯ މަންމާ” މޯނާ ހެވިފައި ހުރެ ބުނެލިއެވެ. ދެ ކާފައިންގެ އަތު ތެރޭގައި އޮތްއިރު މޯނާ އެބުނީ ތެދެއްކަން އެކުދިން ފެންނަ ކޮންމެ މީހަކަށްވެސް ހީވާނެއެވެ. ބޯ ބާލާފައި އޮތް އިރު ދެކުދިންވެސް ވަރަށް ވައްތަރެވެ. އެކަމަކު ހަގު ދަރިފުޅު ޔުމާން އަކީ ވަރަށް ރޮވޭ ކުއްޖެކެވެ. ނިދި މަޑުވެފައި އަވަހަށް ބަނޑުހައިވެސް ވާ ކުއްޖެކެވެ. އެކަމާ ޝަބާ ވަރަށް ހައިރާންވެއެވެ. އެއްމާބަނޑު ދެބެންނަށް ވިޔަސް ދެކުދިންގެ ތަފާތު ކަމުންނެވެ.
“ޝަބާ، ހިނގާ މަންމަ އާއިއެކު އެކުދިން ފެންވަރުވާލަންދެން މަޑުކޮއްލަން” ސަމީރާ އަސްލަމްގެ އަތުގައި އޮތް ޔޫޢާން އުރާލަމުން ބުނެލިއެވެ.
“އޭރުން ޔުމާން ނިދާފާނެކަންނޭގެ، އޭނާ ނުނިދާ އޮތިއްޔާ އަބަދު އޮންނާނީ ކުކުރާލަ ކުކުރާލަ، މަންމާ، ނާއިލު ކުޑައިރު އުޅުނީ އެހެންތަ” އެތާގައި އިން ނާއިލަށް ބަލާލާފައި މުހައިމިންގެ އަތުގައި އޮތް ދަރިފުޅު ޝަބާ އުރާލަމުން ބުނެލިއެވެ.
މެންދުރު ވީއިރު ކާރުގައި ޕާރުސަލްތައް ހިފައިގެން ގޭގެ ފިރިހެން ވެރިން ނުކުތެވެ. ދެން ތިބި މީހުން ތިބީ މެންދުރަށް ކާންތައްޔާރު ކޮށްގެން އެމީހުން އަންނާނެ އިރެއްގެ އިންތިޒާރުގައެވެ. ނާއިލުވެސް ވީ އެމީހުނާއިއެކު ގޮހެވެ. ޝަބާ ކާމޭޒު ދޮށުގައި އިން އިރު ސަމީރާ ދައްކަނީ ޝަބާ ވިހަން ވައްދާފަ އޮތްއިރު ނަރުހުންނާއި ޑޮކްޓަރުން ކަންތައް ކުރި ގޮތުގެ ވާހަކައެވެ. އެމީހުންގެ ޙިދުމަތް ރަނގަޅު ވާހަކައެވެ. އަސްލަމަށް ޚާއްޞަކަމެއް ހޮސްޕިޓަލުން ދެއްވި ވާހަކަވެސް ދެއްކިއެވެ. އެންމެވެސް ޝަބާ އާއި ސުވާލު ކުރީ އެވަގުތު އޭނާއަށް ކުރެވުނު އިޙްސާސް ތަކާއިމެދުއެވެ. ވިހޭކަން އެނގުނުތޯއެވެ. ތަދުވީ ކިހާ ވަރަކަށް ތޯއެވެ.
ޑޮކްޓަރީ ފަރުވާގެ އިތުރުން ސަމީރާ، ޝަބާއަށް ދިވެހި ބޭސްވެސް ތައްޔާރު ކުރިއެވެ. އަމިއްލަ މަންމައަށް ވުރެ ސަމީރާގެ ގާތް ކަމާއި އޯގާތެރިކަން ޝަބާއަށް ލިބުނެވެ. ފިރިމީހާގެ އެހީ އާއިއެކު ކޮށް ނިންމާލެވޭނޭ ކުދި ކުދި ކަންތައްތައްވެސް ޝަބާއަށް ޖެހުނީ ސަމީރާއަށް ޖައްސާށެވެ. އެއީ ނާއިލުގެ ހާލު ހުރި ގޮތުން އަދި އޭނާ އަކީ ފުރިހަމައަށް ޝަބާއަށް އެހީތެރިކަން ފޯރުކޮއްދެވޭނޭ މީހަކަށް ނުވާތީއެވެ. ލަދުގަތަސް، އެ ލަދުވެތިކަމުގެ މައްޗަށް ސަމީރާގެ އޯގާތެރިކަން ވެރިވެގެންދެއެވެ. އެހެންވެ ސަމީރާއަށް “މަންމާ” އޭ ކިޔާ ގޮވާލާ ކޮންމެ ފަހަރަކީ ޝަބާގެ ހިތުގައި ސަމީރާއަށް ޚާއްޞަ ލޯތްބަކާއި ޤަދަރެއްދެވިގެންދާ ވަގުތުކޮޅެކެވެ. މަންމަގެ ލޯތްބާއި އޯގާތެރިކަމަކީ ކޮބާކަން މިއަދު ޝަބާއަށް އެންމެ ފުރިހަމަ ގޮތުގައި އިޙްސާސް ކުރެވެއެވެ. ވަފިއްޔާ އައިސް އުޅުނަސް، އޭނާ ޝަބާއަށް ކޮއްދޭނެ ކަންތައްތަކެއް ނުހުރެއެވެ. އަމިއްލަ ދަރިއެއްފަދައިން ސަމީރާ ހުންނަނީ ޝަބާއަށް ބޭނުންވާނެ ހުރިހާ ކަމެއް ކޮއްދީފައެވެ. ދަރިން ގެންގުޅުމުގައި ޝަބާގެ ޅަކަމުން އޭނާ ޝަކުވާއެއް ނުކުރެއެވެ. ހުރިހާ ކަމެއް އަމިއްލައަށް ކުރަނީ ޝަބާ ފަހަތު ލައިގެން ހުރެއެވެ. ދަސްކޮއްދެމުން ދިޔައީ ލޯތްބާއި އެކުއެވެ. ވީއިރު މަންމައަކަށް ވުމުގެ ފުރަތަމަ ފިލާވަޅު ޝަބާއަށް ދަސްވީވެސް ސަމީރާގެ ފަރާތުންނެވެ. އެމީހުންގެ ފަހަތުން މޯނާ އަބަދުވެސް އުޅެއެވެ. ދަރިއަކު ހޯދުމުގެ ހުވަފެން އޭނާ އަބަދުވެސް ދެކެއެވެ.
ހޮސްޕިޓަލުން ޝަބާ ގެއަށް ފޮނުވާލި ދުވަހު މޯނާ އާއި ނަވާލުގެ މެދުގައި ޖެހިފައިވާ ހުރިހާ ހަޑިއެއް އެމީހުން ވަނީ ފިލުވާލާފައެވެ. ތެދުވެރި ކަމާއިއެކު އަލުން އާފެށުމަކުން ދެމީހުންވެސް ފެށީއެވެ. މޯނާއަށް ހުރިހާ ހަޤީޤަތެއް އެނގި ހުރެއެވެ. ފިރިމީހާ ލޯބިވީ އޭނާގެ އަމިއްލަ ކޮއްކޮ ދެކެކަން އެނގުމުން ދެރަވެގެން ވަރަށް ރޮވުނެވެ. އެހެންނަމަވެސް އޭނާއަކީ ކުރީގެ މޯނާއެއް ނޫނެވެ. މިހާރު މޯނާއަށް ކެތްތެރިވާންވެސް އެނގެއެވެ. އަދި ފިރިމީހާގެ ލޯބި ހޯދުމަށް އޭނާ ހިތްވަރަކާއިއެކު މަސައްކަތް ކުރާނެއެވެ. އެކަމަކު އެއީ ﷲ ހުއްދަ ކުރައްވާފައިވާ އިމުގެ ތެރެއިންނެވެ. ނަވާލުގެ އުޅުން ހުންނަ ގޮތުން އަދިވެސް އޭނާ މޯނާ ދެކެ ލޯބި ވާކަމެއް ނޭނގެއެވެ. ފިރިއެއްގެ ހުރިހާ ވާޖިބު ނަވާލު އަދާކުރެއެވެ. މޯނާ އެކަނިވިޔަކަ ނުދެއެވެ. އެހެންނަމަވެސް އެހިތުގައި ވަނީ ކީކޭތޯ އަހާލަން މޯނާ ބޭނުންވަނީއެވެ. މިއަދު މޯނާ އެންމެ އުފާވަނީ ޝަބާ ފަދަ އަންހެން ކުއްޖަކާ ބައްދަލުވީތީއެވެ. އަމިއްލަ އުފާތަކަށްވުރެ އެހެން މީހުންގެ އުފާތަކަށް އިސްކަން ދޭން ޝަބާ ދަނެވެ. އަދި އޭނާގެ ސަބަބުން އެހެން މީހުންގެ ދިރިއުޅުންވެސް ބާއްޖަވެރިގެން ގޮސްފިއެވެ. މޯނާގެ ހިތުގައި ޝަބާއަށް ޚާއްޞަ ޤަދަރެއް ވަނީ ދެވިފައެވެ.
ދުވަސް ނިމިގެން ދިޔަ ގޮތްވެސް އެންމެނަށް ނޭނގެއެވެ. ދުވާލުގެ ވަރުބަލި ކަމަށްފަހު ރޭގަނޑުގެ އަރާމު ނިންޖަށް އިންސާފު ކުރުމުގައި ދެމަފިރިން ކޮޓަރީގައި ތިބިއިރު އެއްފަރާތުގައި ހުރި ދެކުޑަ އެނދުން ތުއްތު ރޯލުމުގެ އަޑުއިވުނެވެ.
“އަނެއްކާވެސް ހޭލީތަ، އަދި ނުވާނެ ވިހި މިނެޓުވެސް” ނާއިލަށް ބުނެވުނެވެ.
“މި އުމުރުގަ އުޅޭނީ އެހެންނޭ، ނާއިލު ނިދޭތޯ ބަލާލަ ބަލަ، އަހަރެން މިއަންނަނީ ޔުމާން ގޮވައިގެން” ޝަބާ ބުނެލިއެވެ. އަދި ތެދުވެގެން އައިސް ކުޑައެނދުގައި އޮތް ދަރިފުޅު ގޮވައިގެން އަނެއްކާވެސް އޮށޯންނަން ދިޔައެވެ. ގާތުގައި ކުޑަދަރިފުޅު ބާއްވާލާފައި ނާނާ ކިޔާލަމުން ގަޔާ ކައިރިކޮއްލިއެވެ.
“އަދިވެސް މީނަ މިއުޅެނީ ބަނޑުން ބޭރަށް ނުކުތީމަ އެކަމަށް ނުހޭނިގެން ކަންނޭގެ، ބަލާބަލަ ގަޔާ ކައިރިކޮއްލީމަ އަރާމު ވެގެން ލޯ މަރާލި ގޮތް” ޝަބާ ވަރަށް ހިނިއައިސްފައި އޮވެ ބުނެލިއެވެ. ނާއިލުވެސް ނިދުމުގެ ބަދަލުގައި އޮވެވުނީ ދަރިފުޅުގެ ހަރަކާތްތަކަށް ބަލާށެވެ.
(ނުނިމޭ)