THEE QADAR DHEVE INSAANAKEE [PART 15]

“މިކޮޓަރި އަސްލު ކުޑަ ދޯ ދެކުދިން ގޮވައިގެން އުޅެން، އެބަ ވިސްނަން ސިޑި ކައިރީގައި ހުރި ކޮޓަރި ބޭބީ ޗޭންޖިން ރޫމަކަށް ހަދާފަ ޖެހިގެން ހުރި ކޮޓަރިތެރެއަށް ދޮރު ކަނޑާލަން، އޭރުން އަހަރުމެންނަށް އެކޮޓަރިއަށް ބަދަލު ވެވޭނެ އެންނު، މިއަދު ތުއްތޮންނާ އެވާހަކަ ކުޑަކޮށް ދައްކާލިން، ބުނި ވަރަށް އަވަހަށް ޑުބާއީއަށް ފުރާނެ ވާހަކަ، އަންނައިރު ކޮޓަރިއަށް ބޭނުންވާނެ އެއްޗެހި ގެންނާނީ އެދަތުރުގަ ކަމަށް، މިކޮޅަށް އަންނާނީ ސިންގަޕޫރަށާއި ޗައިނާއަށް ދަތުރެއް އަޅާފަ، އެހެންވީމަ ފަސޭހަ ވާނެ އެންނު، އަދި އެނގޭތަ… ތުއްތޮން ބިޓެއް ނަގައިގެން ކަންނޭގެ އުޅެނީ، މިއަދު ކާރުގައި އިންދާ ވަރަށް އެހެން ކަހަލަ ފޯނު ކޯލެއް އައި، އަވަހަށް ކަނޑާލީ، ދެން އަހަންނާ ވާހަކަ ދައްކަން ހުއްޓަ ފަހުން ހަމަ އެކޯލު އައީ، ތުއްތޮން ތަންކޮޅެއް ދުރަށް ޖެހިލިޔަސް އަހަންނަށް އަޑުއިވުނު ދެއްކި ވާހަކަ، އެކަމަކު ފަހުން ނުކެރުނު އެއްވެސް އެއްޗެއް ބުނާކަށް” ނާއިލު ފާޑަކަށް ހިނިއައެވެ.

“އެހެންތަ، ނީލްބެ ބުނަން ބޭނުންވީމަ އެވާހަކަ ދައްކާނެ އަދި، އެހެންނޫނަސް ރަނގަޅެންނު ނީލްބެ ކުއްޖަކާ ރައްޓެހިވެގެން އުޅެންޏާ، އޭރުންތާ ކައިވެންޏެއްގެ ޚަބަރުވެސް ލިބޭނީ، މިގޭ ހުރިހާ ކުދިން މިހާރު މީހުނާ އިނދެގެންވިއްޔަ އުޅެނީ” މިހެންބުނި ޝަބާ ވާހަކަދެއްކީ މަޑުމަޑުންނެވެ.

“އާން ދޯ، ދެން ބުނެބަލަ، ކޮޓަރި ކަންތަކާ ކީކޭ ޝަބާ ބުނަނީ” ނާއިލު އަހާލިއެވެ.

“ނާއިލަށް ފެންނަ ގޮތަކަށް ކަންތައްކުރޭ، އެކަމަކު އެހެން މީހުންނަށް އުނދަގޫ ނުވާގޮތަށް ކަންތައް ކުރަން ވާނީ، އެތާ ކައިރީގަ ދޯ ޝަރުމީލައްތަގެ ކޮޓަރިވެސް ހުންނަނީ” ޝަބާ، ނާއިލުގެ ނިންމުމަކަށް ފާޑުކިޔާކަށް ބޭނުމެއްނުވެއެވެ. ކުދިން އަދި ވަރަށް ކުޑަވީމަ ޝަބާ އަށް ނުފެންނަ ހިސާބެއްގައި އެކުދިން ބައިތިއްބަން ޝަބާ އެހާ ހިތްހަމައެއް ނުޖެހެއެވެ. އެހެންނަމަވެސް ނާއިލު ގޮތެއް ނިންމާނީ ވަރަށް ވިސްނާފައިކަންވެސް އޭނާއަށް އެނގެއެވެ.

“ޝަރުމީލައްތައަކަށް އުނދަގުލެއް ނުވާނެ، ސިޑިކައިރީ ހިމަ ދިގުކޮށް ހުރި ކޮޓަރިއަކީ ބަދިގޭ ސްޓޯރޫމެއްހެން ބޭނުންކުރާ ތަނެއް، ދެން ޖެހިގެން އެހެރީ ހުސްކޮޓަރިއެއް، އަހަރުމެން އެތަނަށް ބަދަލުވީމަ މިކޮޓަރި ހުސްވާނެ އެންނު” ނާއިލު އޭނާ ޕްލޭން ކުރާ ގޮތް ބުނެދިނެވެ.

ވާހަކައިގެ އެތަށް އިރަކު ތިބެފައި ޝަބާ ތެދުވެގެން ގޮސް ދަރިފުޅު ކުޑައެނދަށް ލާފައި އައިސް ނިދަން އޮށޯތެވެ. އޭރު ތިންގަނޑި ބައިވަނީއެވެ. ދެމީހުންކުރެ އެކަކަށްވެސް އަދި ނިދޭނެކަމުގެ ޔަގީން ކަމެއް ނެތަސް ދެލޯ މަރާލިއެވެ.

* * * *

ދެމަސް ފަސް.

ދުވަސްތައް ދިޔައީ ކިހިނެއްކަންވެސް ޝަބާއަކަށް ނޭނގުނެވެ. ޝަބާއަށް ބުރަވެދާނެތީވެ އަސްލަމް ގެއަށް ގެންގުޅޭ ކުއްޖަކު ގެނައެވެ. އެއީ ހަމައެކަނި ޝަބާގެ ކުދިންގެ ކަންތައްތައް ކުރުމަށެވެ. އަދި ގޭގައި އުޅޭ ލީލާ ނިދަމުން ގެންދަނީ ބޮޑު ކޮޓަރިއެއްގައި ކަމަށްވާތީ އެކޮޓަރި ދެމީހުންނަށް ތިބެވޭ ގޮތަށް ބައިކޮއްލުމަށްފަހު ޖީން އެކޮޓަރިއަށް ލިއެވެ. މުޅި ދުވަހު ޖީންގެ މަސައްކަތަކީ ޝަބާގެ ދެކުދިންގެ ކަންތައްތައް ބެލެހެއްޓުމުގައި ޝަބާއަށް އެހީތެރިވުމެވެ. ޝަބާ، ނާއިލަށް ފަރުވާދިނުން އަދިވެސް ހުއްޓައެއް ނުލައެވެ. ނަތީޖާވެސް މިހާރު ފެންނަލެއް އަވަހެވެ. އެކަމުގެ ސަބަބުން ނާއިލަށްވަނީ ވަރަށް ބޮޑު ހިތްވަރެއް ލިބިފައެވެ.

ކުދިންނަށް ދެމަސް ފުރުނީ ވޭތުވެގެން ދިޔަ ހަފްތާ ތެރޭގައެވެ. ނާއިލުގެ އުނަގަނޑުން މަތި އެއްކޮށް މަސައްކަތް ކުރަން ފަށައިފިއެވެ. ގޮނޑީގައި އުޅެނީވެސް އަމިއްލައަށެވެ. ދެއަތުގެ ބާރު ގަދަ ކުރުމަށް މީކާ އޭނާއަށް ވަރަށް ބޮޑު އެހީތެރިކަމެއް ފޯރުކޮއްދެއެވެ. ޢާއިލާއަށް ލިބުނު މި ޚަބަރާއިއެކު އަދިވެސް އެންމެން ތިބެނީ އުފަލުން ފުރިފައެވެ.

ހަވީރުގެ ވަގުތެވެ. މޯނާ ކޮޓަރީގައި ހުރި ސޯފާގައި އިނީ އުނގުގައި ލެޕްޓޮޕް ބައިންދައިލައިގެންނެވެ. އެއްގޮތަކަށްވެސް އޭގެ ސްކްރީނާ ނަޒަރު ވަކިކޮށްވެސް ނުލައެވެ. އެނދުގައި ޓީވީ ބަލަން އޮތް ނާއިލަށް މޯނާ ކުރާ ކަމެއް ބަލާ ނުލާ ނޯވެވުނެވެ. ފުރަތަމަ ތެދުވެ އެނދުގެ ހެޑްބޯޑުގައި ލެނގިލައިގެން އިރުކޮޅަކު އިނދެފިއެވެ. އެކަންވެސް މޯނާއަށް ފާހަގަ ނުވުމުން މަޑުމަޑުން ތެދުވެގެން ގޮސް މޯނާގެ ގާތުގައި ސޯފާގައި އިށީނދެއްޖެއެވެ.

“ކިހިނެއްވީ” މޯނާއަށް ވަރަށް އަވަހަށް އަހާލެވުނެވެ. އެއާއިއެކު ލެޕްޓޮޕު ލައްޕާ ލަން އުޅުނެވެ.

“ކީއްވެތަ ތިހާ ދުރުގަ ލެޕްޓޮޕް ހިފައިގެން ތިއިންނަނީ، އެހެންޏާ އިންނާނީ އެނދުމަތީގަ، ލެޕުން ކީއްތަ ތިކުރަނީ” ނަވާލު، މޯނާގެ ލެޕްޓޮޕު ލައްޕާލުމުގެ ކުރިން ހުޅުވާލިއެވެ.

“މީނައަށް ނޯންނާނެ ސަޕްރައިޒެއްވެސް ދެވޭކަށް” ނަވާލު ލެޕްޓޮޕް ހުޅުވާ ބަލާލުމާއިއެކު މޯނާ ބުނެލިއެވެ.

“މި ކީއްކުރާ ހެދުންތަކެއް، މިތަ ތި ބަލަނީ ތިހާ ސިއްރުން އިނދެގެން” ނަވާލަށް އަހާލެވުނެވެ.

“ހޫމް… އަހަރެން އުޅުނީ ވަރަށް ރީތި ހެދުމެއް ފަހަންވެގެން، އަހަރުމެންގެ އެނިވަރސަރީ އަންނާތީ، އަހަންނަށް އެނގޭ ނަވާ ހަނދާނެއް ނުހުންނާނެކަން، އެހެންވިޔަސް ފަހުން ބުނަން ވެގެން ހުރީ، ރީތި ހެދުމެއް ފަހާލައިގެން ދެމީހުން އެކުގައި ގޮސް ފޮޓައެއް ނަގަން ކަމަށް، އަހަރުމެން ދެމީހުންގެ ރީތި ފޮޓޮއެއް ނެތެންނު” މޯނާ އޭނާގެ ހިތުގައިވާ އެއްޗެއް ހާމަކޮއްލިއެވެ.

“އަހަރެން ހަނދާން އެބަހުރި” ނަވާލު މޯނާގެ އުނގުގައި އޮތް ލެޕްޓޮޕް ނަގާ ތިރީގައި ބަހައްޓަމުން ބުނެލިއެވެ. އަދި މޯނާ ގެނެސް އެއަތުގެ ތެރޭ ބާރު ކޮއްލުމާއިއެކު ނިތްކުރީގައި ބޮސްދިނެވެ.

“ވަރަށް އުފާވޭ މޯނާ ބަދަލުވީމަ، އަހަރެން އެއްގޮތަކަށްވެސް ބޭނުމެއްނޫން މޯނާ އާއި ވަކިވާކަށް، އަދި އެއްވެސް ކަމެއް އޮޅުވާލާކަށް” ނަވާލު މަޑުމަޑުން ބުނެލިއެވެ.

“އަހަރެން އަބަދުވެސް ވަރަށް ލޯބިވޭ ނަވާ ދެކެ، ނަވާއަށްޓަކައި އަހަރެން ކޮންމެ ކަމެއްވެސް ކޮއްފާނަން، ނަވާ… ނަވާ އަހަރެންދެކެ… ހިނގާ ސައިބޯ ދާން ދޯ، މިހާރު ޝަބާމެންވެސް އުޅޭނެ ސައިބޯން ކާކޮޓަރިއަށް ގޮސް” މޯނާ ބުނަން އުޅުނު އެއްޗެއް ނުބުނެ މައުޟޫ ބަދަލު ކޮއްލިއެވެ. އަދި ނަވާލުގެ އަތުގެ ތެރެއިން ތެދުވެގެން ގޮސް ރީތިވާ މޭޒު ކައިރީ ހުއްޓުނީ ބުރުގާ އަޅާލުމަށެވެ. އެވަގުތު މޯނާގެ ހަރަކާތްތަކަށް ބަލަން އިން ނަވާލު ސޯފާއިން ތެދުވެގެން އައިސް މޯނާގެ ފުރަގަހުން ބައްދާލިއެވެ. އަދި ކުރިމަތީގައި ހުރި ލޯގަނޑުގެ ތެރެއިން ފެންނަމުން ދިޔަ މޯނާގެ ސޫރައަށް ބަލާލިއެވެ.

“އާން… އަހަރެންވެސް ލޯބިވޭ މޯނާދެކެ، އަހަންނަށް ވަރަށް ބޮޑަށް ލޯބިވެވިއްޖެ މޯނާދެކެ، އެހެންވެ މިބުނަނީ ދުވަހަކުވެސް ވަކިވާކަށް ނޭދެމޭ، ލޯބިވާތީ މޯނާއަށް ހުރިހާ ކަމެއް ކޮއްދެނީ، މިހާރު އަހަރެން މިއުޅެނީ ރަނގަޅު ފިރިއަކަށް ހަމައެކަނި ވާކަށް ނޫން، އެކަމަކު މޯނާދެކެ އިންތިހާއަށް ލޯބިވާތީ މޯނާ އުފާވާނެ ހުރިހާ ކަމެއް ކޮއްދޭންވެގެން، އަބަދުވެސް ތިހެން އަހަރެންދެކެ ލޯބިވައްޗޭ” ނަވާލު ލޯގަނޑުން މޯނާގެ މޫނަށް ބަލަހައްޓައިގެން ހުރެ ބުނެލިއެވެ. މޯނާއަށް ވަގުތުން އެނބުރި ނަވާލުގެ ގައިގާ ބާރަށް ބައްދާލެވުނެވެ. އެމޭގައި މޫނު ފޮރުވާލި ހިނދު ނަވާލުގެ ދެއަތް އޭނާ ވަށާލިއެވެ. އަދި ލޯބިން މޯނާގެ ކޯތާފަތުގައި ބޮސްދިނީ އޭނާ ލޯބިވާވަރު ހާމަ ކުރަމުންނެވެ.

“އަހަރެންގެ ގެއަށް ދާން ކުރިން ދުވަހު މަންމަ ޚިޔާލު ފާޅު ކުރި، އެހެންވެ މި ވިސްނަނީ އަންނަ ހުކުރުގަ ގެއަށް ދާންކަމަށް” ޝަބާ، ޔޫޢާން ރީތިކޮއްލާފައި ޖީންގެ އަތަށް ދިނުމަށްފަހު ނާއިލަށް ބުނެލިއެވެ.

“ޝަބާ ބޭނުންނަމަ ދާންވީ” ނާއިލު ބުނެލިއެވެ.

“ނާއިލު ގޭގަ މަޑުކޮއްލާނީތަ” ޝަބާ ބޭނުންވީ ނާއިލުވެސް ގޮވައިގެން ދާށެވެ. އެކަމަކު އެހެން ސީދާ ބުނާކަށް ނުކެރުނެވެ.

“މައްސަލައެއްނެތް” ނާއިލު ވަރަށް ފަސޭހައިން އެހެން ބުނެލީ އެއީ ޝަބާ ބޭނުންވާ ގޮތްކަމުގައި ހީވެގެންނެވެ. ދެމީހުންގެ ހިތުގެ ހިނގުން އެކަކު އަނެކަކަށް އެނގެން ދެމީހުންވެސް ބޭނުންވެއެވެ. އެކަމަކު ދުލުން ފާޅު ކުރާކަށް ނުކެރެއެވެ. ބޭނުންވަނީ ދުލުން ފާޅު ނުކުރިޔަސް ދެހިތުގެ ހިނގުން އެކަކު އަނެކަކަށް އެނގޭށެވެ. ޝަބާ އެނދުމަތިން ތެދުވެގެން ގޮސް ކުޑަދަރިފުޅު ޔުމާންގެ އެނދު ކައިރީ ހުއްޓުނެވެ. ނަސީބަކުން އަމިއްލަ ޚިޔާލެއްގެ ތެރޭގައި އެތުއްތު ކުއްޖާ އޮވެ އަތްފައި ހަލުވަމުން ދިޔައެވެ. ޝަބާއަށް ނަސީބަކަށްވީ އާދަކޮށް އެކަނި އޮންނަން ބޭނުންނުވާ ޔުމާން ނުރޮއެ އޮތީމައެވެ. އަދިވެސް ޝަބާ އާއި ނާއިލުގެ މެދަށް ނޭނގޭ ހަމަހިމޭންކަމެއް ވެރިވެގެން ދެއެވެ. މިއީވެސް އެފަދަ ވަގުތުކޮޅެކެވެ. ދެމީހުންވެސް ދައްކާނެ ވާކަހައެއް ނެތުމުން ޝަބާ އަވަސްވެ ގަތީ ދަރިފުޅާއި ދިމާލަށެވެ. ނާއިލު އެނދުގައި އިނީ ޝަބާގެ ހަރަކާތްތައް ބަލާށެވެ.

ބާރުވައިރޯޅި އަކާއިއެކު ހުޅުވާފައި ހުރި ކުޑަދޮރުގެ މަތީގައި އެލުވާފައި ހުރި ވިންޑްޗައިމް ތެޅިލުމާއިއެކު ކޮޓަރިތެރެއަށް އޭގެ އަޑު ފެތުރިގެން ދިޔައެވެ. ނާއިލަށް ބޭއިޙްތިޔާރުގައި އެދިމާލަށް ބަލާލެވުމާއިއެކު ހިތުގައި ފޫހިކަމެއް އެކުލެވިގެން ދިޔައެވެ. ހީވީ އޭނާ އާއި ހަމައަށް ވައި މަނާރުގެ ހަނދާންތައް ގެނުވި ހެންނެވެ.

“އަހަންނަށް ތެދުވެވުނުހާ އަވަހަކަށް އެންމެ ފުރަތަމަވެސް ބޭނުންވަނީ އޭތި އެތަނުން ނަގަން، އަހަރެންގެ ދިރިއުޅުމަކަށް އެހަނދާންތަކެއް މިހާރު މުހިންމެއްނޫން، ފެންނަ ހިސާބުގައި އެފަދަ އެއްޗެއް ބަހައްޓާކަށްވެސް ބޭނުމެއްނޫން” ނާއިލުގެ ހިތަށް އެރިއެވެ.

“ކުޑަދޮރު ލައްޕާލަންވީ ދޯ” ނާއިލު ކުޑަދޮރާއި ދިމާލަށް ބަލަހައްޓައިގެން އިންގޮތުން ޝަބާ އަހާލިއެވެ.

“އާން، ވަރަށް ވައިގަދަވާން އުޅޭހެން ހީވަނީ، މާގިނައިރު ހުޅުވާފަ ހުރީމަ ހިރަފުސް ވަންނާނެ” ނާއިލު އާދައިގެ ގޮތަކަށް ބުނެލިއެވެ. އެ ވިންޑްޗައިމް އަކީ މަނާރުގެ ހަނދާނެއްކަމެއް ޝަބާ އަކަށް ނޭނގެއެވެ.

ހަވީރުގެ ސައި ނިމެންދެން ޖީން އިނީ ބޮޑުކޮޓަރީގައި ހުރި ކުޑަކުދިންލާ އުނދޯއްޔަށް ޔޫޢާން އާއި ޔުމާން ލައިގެން ހެއްލާލަ ހެއްލާލައެވެ. އެހެން އިން އިރު ޔުމާން ތުންފިއްތާލަން އުޅޭއިރަށް ކޮންމެވެސް ކުޅިވަރެއް ދައްކާލާ ކޮންމެވެސް އެއްޗެއް ތަޅުވާލާނެއެވެ.

ސަމީރާ އާއިއެކު ކާކޮޓަރިން އެންމެ ފަހުން ނުކުތީ ޝަބާ އާއި މޯނާއެވެ. ތަށިތައް ނެގުމުގައި މިހާރު ޝަބާ އެކޭ އެއްގޮތަށް މޯނާވެސް ލީލާ އާއި ސަމީރާއަށް އެހީތެރިވެދެއެވެ. ޝަބާ އައި އިރު ޔޫޢާން އޮތީ ނަވާލުގެ އަތުގައެވެ. ސޯފާގައި ލެނގިލައިގެން އިނދެ ދެއަތުން މައްޗަށް ޔޫޢާން އުފުލާލައިގެން އިނދެ އެތުއްތު ކުއްޖާ އާއި ވާހަކަދައްކަމުންދިޔައެވެ. އެހެންމީހުން ހެވިފައި އެމަންޒަރު ބަލަން ތިއްބެވެ. ޝަބާއަށް ބަލާލެވުނީ ނާއިލަށެވެ. އަދި މަޑުމަޑުން ގޮސް އޭނާ އިން ފަރާތުގައި ހުރި ސޯފާގައި އިށީނީ އޭނާ އާއި ވީހާވެސް ގާތުގައި އިށީންނަން ބޭނުންވެގެންނެވެ.

ޖެހިގެން އައި ހުކުރު ދުވަހު ޝަބާ ދިޔައީ ދެކުދިންނާއި ޖީން އާއިއެކު އޭނާގެ ގެއަށެވެ. ދާޢޫދު ކާރު ޕާކުކޮއްލުމާއިއެކު އަވަސް އަވަހަށް ފައިބައިގެން އައިސް ކާރުގެ ފަހަތު ދޮރުފަތް ހުޅުވާލުމާއިއެކު ޝަބާ ދަރިފުޅު ގޮވައިގެން ފޭބިއެވެ. އޭނާގެ ފަހަތުން ޖީން ފޭބިއެވެ. އެއަށްފަހު ސަމީރާ ދިން އެއްޗެހި ކާރުގެ ޑިކީއިން ނަގައިގެން ޝަބާގެ ފަހަތުން އެގެއަށް ވަނުމަށް ގޯޅި ތެރެއަށް ހިނގައިގަތެވެ.

“ޝަބާ، ކޮއްކޮ ދާންވީމަ ބޭބެއަށް ގުޅާލާ، އޭރުން އަންނާނަން ބަލާ، ހަނދާންކޮށް ގުޅައްޗޭ، ކޮއްކޮ ޓެކްސީއެއްގަ ނުދާތީ އެނގޭ، އަސްލަމަށް އެނގިލައްވައިފިއްޔާ ރުޅި އަންނާނީ ދާޢޫދުބެ ދެކެ، އެތަށް ފަހަރަކު ވިދާޅުވި ޝަބާ ބޭނުންތަކަށް ގެންގޮސްދޭން ވާނީ ގޭ ކާރުގައޭ” ދާޢޫދު ޝަބާ އާއި އެއްވަރަށް ހިނގަމުން ވާހަކަދެއްކިއެވެ.

“ދާޢޫދުބެ ހާސްނުވެބަލަ، އަޅުގަނޑު ނުދާނަމޭ ޓެކްސީއެއްގަ، ގެއަށް ދާންވީމަ ގުޅާނީ ދާޢޫދު ބެއަށް” ޝަބާ ހިނިއައިސްފައި ބުނެލިއެވެ. އޭނާއަށް އަސްލަމްގެ ގޮތް ވަރަށް ރަނގަޅަށް އެނގެއެވެ. އަދި ދާޢޫދަކީ އަސްލަމަށް ކިހާ ޤަދަރުކުރާ މީހެއްކަންވެސް ޝަބާއަށް އެނގެއެވެ.

ސަލާމް ގޮވާލުމާއިއެކު ޝަބާ ސިޓިންރޫމުން ވަނެވެ. އެވަގުތު ޓީވީ ބަލަން އިން ސަމީރާ އަވަސް އަވަހަށް އައިސް ދަރިފުޅު ގޭތެރެއަށް ވައްދައި ބޭންދުމަށްފަހު ދާޢޫދު ދިއްކޮއްލި ކޮތަޅު ތަކުގައި ހިފައިފިއެވެ. ހަމަ އެވަގުތު މަޑުކުރުމެއްނެތި ދިއުމުގެ ހުއްދައަށް ޝަބާގެ ގާތުން ދާޢޫދު އެދުނެވެ.

“ދާޢޫދުބެ އެއްޗެއް ބޯލައިގެން ދާންވީނު” ޝަބާގެ ގެއަށް ދާޢޫދު އައުމުން އެއްޗެއް ނުދީ ފޮނުވާލާ ހިތެއް އޭނާ ނުވިއެވެ.

“ނޫނޭ، އެކަމަކު ވަރަށް ބޮޑަށް ޝުކުރިއްޔާ، ދެންމެ އެންނު ގޭގެ ހުރިހާ އެންމެން ސައިބުއި، ބަނޑުގައި ތަންހުރިނަމަ ކޮއްކޮގެ ގެއިން އެއްޗެއް ބޯނުލާ ނުދާނަން، މިފަހަރު މާފުކުރޭ” ހިނިތުންވެލާފައި ދާޢޫދު ބުނެލިއެވެ. ޝަބާވެސް ހިނިތުންވެލަމުން ދާޢޫދު ނުކުމެގެން ދިޔަ ތަން ބަލަން ހުރެފައި ސޯފާގައި އިށީނެވެ.

“މަންމާ، ބައްޕަ ކޮބާތަ؟ ޝިހާނާ ނޫޅެނީތަ، ކޮބާތަ އެންމެން، އަޅުގަނޑު އަންނަ ކަމެއް ނޭނގޭތަ” ޝަބާއަށް އޭނާގެ އެއްބަނޑު އެއްބަފާ ކުދިންގެ ލޯބި އިޙްސާސް ކުރެވިފައިވާތީ އަހާލެވުނެވެ.

“ބައްޕަ ދިޔައީ މަސްކޮޅެއް ލިބޭތޯ، ޝަބާގެ ދޮންތަ އޮފީހުގަ، ޝިހާނާ އެބައޮތް ކޮޓަރީގަ ރުޅިއައިސްގެން، ހެނދުނުން ފެށިގެން އެ އޮންނަނީ މަގޭ ދެކެ ރުޅި އައިސްފަ، މަށަށް ވަރަށް ދެރަވާނެ ކަމަށް ހީކޮށް އެއްޗެއް ނުވެސް ކައި އެ އޮންނަނީ” ވަފިއްޔާ މޫނަށް ވައްތަރެއް ޖައްސާލުމާއިއެކު ފޫހި ރާގެއްގައި ބުނެލިއެވެ.

“އަނެއްކާ ކިހިނެއްވީ، ގޭގަ ޒުވާބެއް ހިންގާލީތަ… އަންނާނަން އޭނާއަށް ވީ ގޮތެއް ބަލާފަ، އެއްޗެއް ނުކައި އެހެން އޮއްވަ ހާންތިވެދާނެ އެންނު، މަންމަގެވެސް ކަންތައް ހުންނަ ގޮތުންނޭ މިހެން މިވަނީ” ޝަބާގެ ވާހަކަ ދެއްކުމުގައި ހަރުގޮތެއް އެކުލައިވިފައި ހުރިކަން ވަފިއްޔާއަށް ފާހަގަ ކުރެވުނެވެ. އޭނާގެ ދަރިފުޅު ކުރިއާއި ވަރަށް ބަދަލުވެއްޖެއެވެ. އަމިއްލަ ނަފްސަށް އޮތް އިތުބާރު ބޮޑުވެ ވަފިއްޔާ އާއި ކުރިމަތި ލުމުގައި ޖެހިލުން ކުޑަވެފައި ވެއެވެ.

“ދާނެކަމެއްނެތް ޝަބާ، އޭނަ އެހެން އުޅެން ބާއްވާ، ދީބަލަ މަގޭއަތަށް ތިސޮރު، މީ އެއްކަލަ ރޯ ސޮރުތައް” ވަފިއްޔާއަށް ދެކުދިން ވައްތަރު ކަމުން ނޭނގުނެވެ.

“ނޫން، މީ ޔޫޢާން، ޔުމާން އެއޮތީ ޖީން އަތުގަ، ޖީން، މީ މަގޭ މަންމަ، މިތާ މަޑުކޮއްލާ އެނގޭ، އެބަ އަންނަން އަހަރެންގެ ކޮއްކޮ ގާތަށް ގޮސްފަ” ޝަބާ، ޔޫޢާން ވަފިއްޔާގެ އަތަށް ލާދެމުން ބުނެލިއެވެ. އަދި ޝިހާނާގެ ކޮޓަރިއަށް ހަލުވިކަމާއިއެކު ގޮސް ވަނެވެ.

“ޝިހާނާ” ޝަބާ ކޮޓަރިއަށް ވަން ގޮތަށް އޭނާގެ ކޮއްކޮއަށް ގޮވާލިއެވެ. ބަންޑުން އެނދުގައި އޮތް ޝިހާނާ ނުތެދުވުމުން އޭނާގެ ގާތުގައި ޝަބާ އައިސް އިށީނެވެ.

“ކިހިނެއްތަ ވީ، ތުއްތައަށް ކިޔާދީބަލަ، އޭތް! ބަލަ ރޮނީތަ” ޝަބާ، ޝިހާނާގެ އަތުގައި ހިފާ އުއްޑުން ޖަހާލަން އުޅުމުން ދެއަތުން މޫނު ފޮރުވާލުމާއިއެކު ޝިހާނާ ފެށީ ރޯށެވެ.

“ނުރޮއެ ހުއްޓާލާފަ ވީގޮތެއް ކިޔާދިނީމަ ދޯ އެނގޭނީ ތުއްތައަށްވެސް ކަމެއް ކޮއްދެވެން އޮތިއްޔާ، ހުއްޓާލާ… އަވަހަށް ދެން ހުއްޓާލާ، ޝިހާނާ… ތުއްތަ މި ވާހަކަ ދައްކަނީ ޝިހާނާއާ އޭ، ދެން އަވަހަށް ހުއްޓާލަ ބަލަ، ތުއްތަ ބުނީތީ ހުއްޓާލަ ބަލަ، ތުއްތަ އެހާ ދުވަސްކޮއްފަ މިގެއަށް އައީމަ ޝިހާނާ ރޯންތަ އޮންނަނީ، މިއައީ ބޭބީވެސް ގޮވައިގެން، ހުއްޓާލައިގެން ހިނގާބަލަ އުރާލަން ދާން” ޝަބާ މަސައްކަތް ކުރީ ޝިހާނާގެ ރުއިން ހުއްޓުވާލެވޭތޯއެވެ. އެކަމަކު އެކަމެއް ނުވިއެވެ. އެންމެފަހުން ޝިހާނާގެ ގައިގާ ފިރުމާލަ ފިރުމާލަ އިރުކޮޅެއް ވަންދެން އިނެވެ.

“ތުއްތާ، އަހަރެން ބޭނުންވަނީ ޒީކް އާއި މެރީ ކުރަން، އެކަމަކު މަންމަ އެކަމަކަށް ޤަބޫލެއް ނުވި، އެނގެ އެންނު މަންމަގެ ވައްތަރު، ބައްޕަ ހުންނަނީ މަންމަގެ ދަށުވެފަ ވިޔަ، ބައްޕަ ވަލީ އެއް ނުދޭނެޔޭ މިހާ އަވަހަށް މަންމަ ބުނެފި، ދެން އެނގޭ ބައްޕަ ކައިރީ އެހުމަކީވެސް ބޭކާރު ކަމެއްކަން، ވަރަށް ފޫހިވޭ، އަހަރެން މީހަކާ އިނދެގެން ދިޔައީމަ މަންމަ އުފަލެއްނު ވާންވީ، އޭރުން ގޭގެ ބޮޑުތަން މަންމައަށް ލިބޭނެ އެންނު” ޝިހާނާ ހިތްހަމަ ޖެހޭ ވަރަށް ރޮވުމުން ދެލޯ ފޮހެލާފައި ތެދުވެ ޝަބާގެ ގާތުގައި ޝަކުވާ ކުރަން ފެށިއެވެ.

“ޝިހާނާ، މަންމަ އެހެން އެއްޗެހި ކިޔަސް، އަހަރުމެން ކުދިންނާމެދު ވަރަށް ވިސްނާނެ، އަހަރުމެން ދެކެ ލޯބިވެސް ވާނެ، އަހަންނަކަށްވެސް ނޭނގެ މަންމަގެ ގައިގަ އެހުންނަ ސިފަ އާއި މެދު އެއްޗެއް ބުނާކަށް، އެކަމަކު މަންމައަކީ އެހާ ގޯސް މީހެއް ނޫން، އަހަރުމެން ކުދިންނަށް ރަނގަޅު ގޮތް މެދުވެރިވާން މަންމަ ބޭނުންވާނެ، ޝިހާނާ ބުނެބަލަ، ޒީކް މިހާރު އުޅެނީ ވަޒީފާ އެއްގަތަ؟” ޝަބާ މަޑުމައިތިރި ކަމާއިއެކު ކޮއްކޮ އަށް ވިސްނާދޭން ފެށިއެވެ.

“އޭނާ އުޅެނީ ވަޒީފާގައޭ، ޒީކް ބޭނުންވަނީ އަހަންނާ އަވަހަށް މެރީ ކުރަން، އަހަރެންވެސް ބޭނުންވަނީ އެގޮތް، ގިނަ ދުވަހު ރައްޓެހިވެގެން އުޅެންޏާވެސް މަންމަ ކަންތައް ބޮޑުވާނެ، ބައްޕަވެސް ބުނާނެ ހުރިހާ ކުދިން ތިތިބީ ބޮޑެތި ވެފައޭ، މީހުނާ އިންނަ ވަރުވެފައޭ، އެކަމަކު މީހަކާ އިންނަން ބުނީމަ މީތަ ކަންތައް ކުރާ ގޮތަކީ” ޝިހާނާ ރުޅި އައިސް ދެރަވެފައި އިނދެ ބުންޏެވެ.

“ޒީކްގެ ޢާއިލާ މީހުންނާ ގުޅޭތަ މިހާރު، އޭނާ ކޮންކަހަލަ ވަޒީފާއަކަށް ދަނީ” ޝަބާ ދެންވެސް ސުވާލު ކުރީ ޝިހާނާ ރައްޓެހިވެގެން އުޅޭ ކުއްޖާ އާއި ބެހޭގޮތުންނެވެ.

“އޭނާ އުޅެނީ ފޮޓޯ ކޮޕީ ނަގާތަނެއްގަ، އެގޭ މީހުން ވަރަށް ނުބައި، އެކަހަލަ ބަޔަކާ ޒީކް ކިހިނެއް ގުޅޭނީ” ޝިހާނާ ހީވަނީ ޒީކް އާއި އެއްކޮޅަށް ވަކާލާތު ކުރާހެންނެވެ.

“ޝިހާނާ، ތަންކޮޅެއް ހަރުދަނާ ވަޒީފާއަކަށް ދާން ޒީކް ގާތު ބުނެބަލަ، ކައިވެންޏަކާއި ހަމައަށް ދާއިރު، ޒީކް ވާން ޖެހޭނެ މުޅި އުމުރަށް ޝިހާނާ ގެންގުޅެވޭނޭ ފެންވަރު ހުރި ޒުވާނަކަށް، ލޯބި ވިޔަސް އަދި ނިމުނީއެއް ނޫން، ދެފަރާތުގެ ޢާއިލާގެ ރުހުންވެސް ވަރަށް މުހިންމު، ތެދަށް ބުނަންޏާ ޒީކްގެ އުޅުން ތުއްތައަކަށްވެސް ކަމަކު ނުދޭ، އަނެއްކާ ހެދުން އަޅާފަ އެހުންނަނީ ކިހިނެއްތަ، ކޮއްކޮ ވަޒީފާއަށް ދަމުން ލިބޭ އެއްޗަކުން ކިހިނެއް މަހުގެ ދެކޮޅު ހަމަޖައްސާނީ، ކައިވެނި ކުރާތަނުން ދަރިއަކު ލިބިދާނެ، އޭރުން އަދި އަމުދުން ކޮއްކޮއަށް އުނދަގޫވާނެ، ޢާއިލާ އާއި ވަކިން އުޅޭނަމަ، އެއްކަލަ ދަރިފުޅު ބަލާނީ ކާކު، ޒީކް އަކީ ދަރިބަލަން ގޭގައި ހުރެފައި ޝިހާނާ ރުފިޔާ ހޯދަން އޮފީހަށް ފޮނުވާނެ ކަހަލަ ޒުވާނެކޭ ތުއްތަގެ ހިތެއް ނުބުނޭ، އެފަދަ ދުވަހަކުން ދެން ކިހިނެއް ހަދާނީ، ދެމީހުންގެ ކައިވެނި ރޫޅި ދަރިފުޅު ގޮވައިގެން އަމިއްލަ ގެއަށް އައުން ނޫން އެހެން ގޮތެއް ޝިހާނާ އަށް އޮންނާނެތަ، އޭރުން އޮންނާނީ އެއްކަލަ ވަޒީފާ ގަނޑުވެސް ގެއްލިފަ، ޝިހާނާ ނިކަން ތުއްތަ މިބުނި ހުރިހާ ވާހަކައެއް ޒީކަށް ކިޔާދީ އޭނާއަށް ވިސްނާދީބަލަ، އޭނަ ކޮއްކޮދެކެ ހަޤީޤީ ލޯބިވަންޏާ މިހުރިހާ ވާހަކައެއް ޤަބޫލު ކުރާނެ، ތުއްތައަށް އެނގޭ އޭނާގެ ރަނގަޅު ތަޢުލީމީ ފެންވަރެއް ނެތީމަކަން ހަރުދަނާ ވަޒީފާއަކަށް ނުދެވިގެން އެއުޅެނީ، އެހެންވީމަ އެންމެ ފުރަތަމަ ކުރަން ހުރި ކަންތައްތައް އެންމެ ކުރިން ކުރާނީ، ރަނގަޅު ވަޒީފާ އަކާއި ހަމައަށް ދެވެން އޮތީ ކިޔަވައިގެންނަމަ، މިހާރު މާލޭގައި ކިޔަވައިދޭ އެތަށް ތަނެއް އެބަހުރި، އެއިންތަނަކުން ކުރިއަށް ދާން ބޭނުންވާ ދާއިރާއަކުން ކޯހެއް ހަދައި، އެއަށްފަހު ވަޒީފާއަކަށް ކުރިމަތިލާންވީ، މިހާރު ލިބޭ ކުޑަމިންވަރުން ބޭކާރު ޚަރަދު ނުކުރަންޏާ ކިޔެވޭނެއޭ ތުއްތަގެ ހިތް ބުނޭ، އަދި އެހެން އުޅެން ފަށައިފިއްޔާ ޒީކްގެ ޢާއިލާވެސް އޭނާދެކެ ލޯބިވާނެ، އޭނާ ދެކެ ލޯބިވުމަކީ އެ ޢާޢިލާ ޝިހާނާ ދެކެ ލޯބިވާނެ ކަމުގެ ހެއްކެއް، ޒީކްގެ ރަނގަޅު އަޙުލާގުގެ ފަހަތުގައިވަނީ ޝިހާނާކަން އޭރުން އެމީހުންނަށް އެނގޭނެ، ކައިވެންޏާއިމެދު ވިސްނަން އަދި މާއަވަހޭ ތުއްތަ ބުނާނީ، ރަނގަޅަށް ތުއްތަ މިބުނި ވާހަކަތަކާއިމެދު ވިސްނާލައްޗޭ، އަބަދުވެސް ދުރަށް ވިސްނަންވާނެ، މާދަމާ ވާނެގޮތެއް ނޭނގުނަސް، ހުންނަންވާނީ މާދަމާއަށްވެސް ތައްޔާރުވެގެން، ޝިހާނާވެސް އާދަވެގެން ނަމާދުކޮށް އުޅޭނަމަ ރަނގަޅު ގޮތް މެދުވެރިވާނެ، ތުއްތަގެ ވާހަކަ އަޑުއަހާ ދެން ތި ގޮތްދޫނުކުރުން ދޫކޮއްލާފަ ހިނގާބަލަ ކޮޓަރިން ބޭރަށް، މަންމަ ބުނި އެއްޗެއް ނުކައޭ އޮތީވެސް، ހިނގާ އެއްޗެއް ކާލަން، ޕީޒާ ގެންނަމާ، ތުއްތަ ރުފިޔާ ދޭނަން، ޝިހާނާ ގުޅާބަލަ ޕީޒާ ޑެލިވަރ ކޮއްދޭ ތަނަކަށް” ޝަބާގެ އޯގާތެރިކަމުން ފުރިގެންވި ނަސޭހަތުގައި ޝިހާނާ ހިފިއެވެ. ރުޅި މަޑުކޮށް ފާޚާނާއަށް ވަދެ މޫނު ދޮވެލައިގެން ޝަބާ އާއިއެކު ކޮޓަރިން ނުކުތެވެ. ބަނޑުހައި ވެފައި ހުރިވަރު އިޙްސާސްވީ ދެނެވެ. ޝިހާނާ ކޮޓަރިން ނުކުތް ގޮތަށް އައިސް އަލަމާރި އާއި ދިމާލަށް ދުއްވައިގަތެވެ. ޝަބާ މަޑުމަޑުން އައިސް ސޯފާގައި އިށީނެވެ. އެމަންޒަރު ބަލަން އިން ވަފިއްޔާގެ ތުންފަތަށް ހިތްހަމަ ޖެހުމުގެ ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. އޭނާގެ ހިތުގައި ޝަބާއަށް ލޯބި ފޮރުވިފައިވާކަން ޔަގީނެވެ. އެކަމަކު އޭނާ އެކަން ބޭރަށް ހާމަ ކުރާކަށް ބޭނުމެއް ނޫނެވެ.

“އަދިވެސް ނުކައި ވަދެ ކޮޓަރީގަ އޮންނާތި، ދެން ތިއެތި އެއްކޮށް އެއްނޭވަ އަކުން ނޫން ބޮއެ ހުސްކޮށްލާނީ” ވަފިއްޔާ ޝިހާނާއަށް ބުނެލިއެވެ.

“ތެދެއް އެހާ އަވަސް އަރުވާލާފަ ޖޫސް ޕެކެޓު ބޯނުލާތި، ކޮށި އަރާފާނެ” ޝަބާ ވަފިއްޔާ ބުނި ޖުމްލައިން ހަރުކަށިކަން ބަދަލުކޮއްލުމާއިއެކު ތަކުރާރު ކޮއްލިއެވެ. އެއީ ވަފިއްޔާވެސް ބުނަން އެއުޅުނީ އެހެންކަން ޝަބާއަށް ވިސްނުނީތީއެވެ.

“ދަރިފުޅު މިރޭ މިގޭގަ މަޑުކޮއްލާފަ މާދަން ހަވީރުން ދާންވީނު” ވަފިއްޔާ ބުނި އެއްޗަކުން ޝަބާވެސް ހައިރާންވިއެވެ. އޭނާގެ މަންމައަށް ކޮންފަދަ ހިތެއް ޖައްސަވާފަ އިން ވަގުތެއްބާއޭ ހިތަށް އެރިއެވެ.

“މަންމާ، ނާއިލު ގާތު އަހާލާފަ އެނގޭނީ ތިކަމަށް އެއްޗެއް ބުނަން، އެހެންނޫނަސް މިހާރު އަހަރެން އެކަންޏެއްވެސް ނޫން، ޖީން އާއި ދެކުދިންވެސް މިތިބީ، ކޮންތާކު ތިބޭނީ، މަންމަ އާއި ބައްޕައަށް އުނދަގޫ ވާފަދަ ގޮތަކަށް ހުންނާކަށް އަހަންނަށް ޤަބޫލެއް ނުވެވޭނެ” ޝަބާ ބުނެލިއެވެ.

“އުނދަގުލެއް ނުވާނެ، ބިއްދޮށަށް އަލަށް ހެދި ކުޑަކޮޓަރީގައި މިރޭ ޖީން އާއި ޝިހާނާ ނިދާލަފާނެ، ޝިހާނާގެ ބޮޑު ކޮޓަރީގައި ދަރިފުޅާ ދެކުދިން ތިބޭނީ، ދޯ ޝިހާނާ، ޝަބާ މިރޭ ކަލޭގެ ކޮޓަރީގަ…” ވަފިއްޔާގެ ޖުމްލަ ނުނިމެނިސް ޝިހާނާ އައިސް ޝަބާގެ ގާތުގައި އިށީނދެ ވާހަކަ ދެއްކިއެވެ.

“ތުއްތައަށް އަހަރެންގެ ކޮޓަރި ދީފާނަން، އެކަމަކު އަހަރެންވެސް އޮންނާނީ ގޮދަޑިއެއް ބާއްވައިގެން ހަމަ އެކޮޓަރީގަ، ދެން ޖީން ފޮނުވާ އެކޮޓަރިއަށް، ދޯ ތުއްތާ” ހިނިއައިސްފައި ޝިހާނާ ބުންޏެވެ.

“އަދި ނޭނގެ، ނާއިލު ގާތު އަހާލާފަ އެނގޭނީ” ޝަބާ ބުނެލިއެވެ.

އިރުއޮއްސެން އުޅެނިކޮށް ޝަބާގެ ފޯނުކޯލެއް އައުމާއިއެކު އެނދުމަތީ އޮތް މޯބައިލް ނަގާ ނާއިލު ކަންފަތުގައި ޖަހާލީ އުފަލުން ހެވިފައި ހުރެއެވެ. އެކަމަކު އެމޫނު މަތީގައި ހުރި ހިނިތުންވުން ފިލާ ދިޔައީ ޝަބާ ބުނި އެއްޗަކުންނެވެ. އޭނާ އެހުރީ ޝަބާއަށް އުފާވެރި ޚަބަރެއް ދޭން ބޭނުންވެގެން އޭނާ އަންނާނެ އިރެއްގެ އިންތިޒާރުގައެވެ. ނަމަވެސް މިރޭ އޭނާއަށް ޝަބާ ފެނުމުގެ ނަސީބެއް ނުލިބުނެވެ.

“ޝަބާގެ މަންމަ އެހެން އެދުނީމަ ނުވާނެތާ ނޫނެކޭ ބުނާކަށް، އެވާނީ މަންމަ ވަރަށް މިސްވެގެން ކަމަށް ތިހެން ތިބުނީ، މާދަން އަންނަން، ދެން މަޑުކޮއްލާ، އޭރުން މަންމަވެސް އުފާވާނެ އެންނު” ނާއިލު ހިތުގައިވާ އެއްޗެއް ހިފަހައްޓައިލައިގެން އިނދެ ވާހަކަދެއްކިއެވެ.

ފޯނުކޯލު ނިންމާލުމަށްފަހު ނާއިލު ފޯނު އެނދުމަތީ ބާއްވާލާފައި އެނދުން ތިރިއަށް އެލުވާލައިގެން އިން ދެފަޔަށް ބަލާލަމުން ހިނިތުންވެލިއެވެ. އަދި ކައިރީގައި ހުރި މީކާއަށް ބަލާލާފައި މަޑުމަޑުން ކޮޅަށް ތެދުވިއެވެ. އޭރު ނާއިލުގެ މޫނުމަތިން އުފާވެރިކަމުގެ އިތުރުން ކަންބޮޑުވުންވެސް ފެންނަން ހުއްޓެވެ. ކުރިއަށް ފިޔަވަޅެއް މަޑުމަޑުން އަޅާލުމާއިއެކު މީކާއަށް އަތްދިއްކޮލެވުނީ އަދިވެސް ހިތުގައި އޮތް ބިރުވެރިކަމެއްގެ ސަބަބުންނެވެ. ވެއްޓިދާނެޔޭ ހިތަށް އަރަނީއެވެ. މަޑުމަޑުން ބަލައިގެން ވަރަށްވެސް ލަސް ފިޔަވަޅު ތަކެއް އަޅަމުން ދެތިން ފަހަރު ކޮޓަރީގައި ދެކޮޅަށް ހިނގާލާފައި، ނާއިލު ކޮޓަރިން ނުކުތެވެ.

“ނާޢިލު…” ބޮޑުކޮޓަރި ދޮރުމަތީ ފޮއްޓެއް ހިފައިގެން މޯނާ އާއި ވާހަކަދައްކަން ހުރި ހިމަތޮޅި އަންހެން ކުއްޖާ އަށް ކޮޓަރިން ނުކުތް ނާއިލު ފެނުމާއިއެކު ގޮވާލެވުނީ އެއްވެސް އިޙްތިޔާރަކާއި ނުލާ ކަހަލައެވެ. ބަލަހައްޓައިގެން ހުރި ގޮތަށް ހުރި އިރު ނާއިލާއި އެއަންހެން ކުއްޖާގެ ހަތަރުކަޅި ބައްދަލުވެގެން ހިނގައްޖެއެވެ.

އެއަންހެން ކުއްޖާ ފެނުމާއި އެކުހެން ނާއިލުގެ މޫނުމަތިންވެސް ފެނިގެން ދިޔައީ ހައިރާންކަމެވެ. އޭރު ހިފަހައްޓައިގެން ހުރި މީކާގެ އަތަށް އޭނާއަށް ބާރުކޮއްލެވުނެވެ. އެހިނދު މީކާއަށްވެސް ބަލާލެވުނީ ސުވާލުގެ ނަޒަރަކުންނެވެ. އަދި އަވަސް އަވަހަށް ނާއިލުގެ ގައިގާ ހިފަހައްޓާލެވުނެވެ. ކޮޅަށް ހުރުމަށް ދެފަޔަށް ލަމުންދިޔަ ބާރާއިއެކު ދެފައި މާބޮޑަށް ތުރުތުރު އަޅާގޮތްވެ ވާގި ހިނގައިދާނެހެން ނާއިލަށް ހީވިއެވެ. އެހެންވެ މީކާގެ އެހީގައި އެނބުރި ކޮޓަރިއަށް ވަންނަން އުޅުނެވެ.

“އޯ މައި ގޯޑް… ވަޓް އަ މިރޭކަލް” މޯނާގެ އަޑު ބޮޑު ކޮޓަރިތެރެއަށް ފެތުރިގެން ދިޔަ ކަހަލައެވެ.

“ނާއިލު…” މޯނާގެ ގާތުގައި ހުރެފައި އަނެއްކާވެސް މަނާރަށް ބުނެލެވުނެވެ.

“ވަޓް އަ ސަޕްރައިޒް، އަންނާނަން މަންމަ ގާތު ބުނެފަ، އަޅެ ޝަބާ ކޮބާބާ” ކުއްލިއަކަށް މޯނާ އުޅުނު ގޮތުން ހީވީ އޭނާގެ ގާތުގައި ދެވަނަ މީހަކު ހުރިކަން ހަނދާންނެތުނު ހެންނެވެ. އަވަސް ހިނގުމުގައި މޯނާ ދިޔައީ ސަމީރާގެ ކޮޓަރި އާއި ދިމާލަށެވެ. މަނާރު ހުރި ގޮތަށް ހުރީއެވެ. ބުނާނެ އެއްޗެއް ނޭނގުނު ތަނުގައި ހަރަކާތެއް ގެންނަންވެސް ނޭނގިފައެވެ.

“ނާއިލު… ނާއިލު… ނާއިލު… ތީ ހަމަ ނާއިލުތައް” ސިކުންތަކަށްވެސް ބެލުމެއްނެތި ބާރަށް ތެޅެމުންދިޔަ މަނާރުގެ ހިތަށް އެރިއެވެ. އަދި އެހިތަށް ތޫނު ތަދެއް އިޙްސާސް ކުރެވިގެންދިޔައެވެ. އިސްޖަހާލެވުމާއިއެކު ލޮލުގެ ހިމަކޮޅުން ފޭދިލި ކަރުނަ އަވަސް އަވަހަށް ފޮހެލިއެވެ. އަދިވެސް މަނާރުގެ ހިތުގައި ނާއިލަށް ލޯބިވެއެވެ. މިހާ ދުވަސް ވީ އިރުވެސް އެލޯބި އެއްކޮށް ފޮހެވިގެނެއް ނުދެއެވެ. ނާއިލު އެނބުރި ކޮޓަރިއަށް ވަން ތަން ފެނި އޭނާގެ ފަހަތުން އެކޮޓަރިއަށް ގޮސް ވަނުމަށް މަނާރު ބޭނުންވިއެވެ. އަދި ނާއިލުގެ ގައިގާ ވޭތިވެދިޔަ ހުރިހާ އަހަރަކަށް ވާވަރަށް ބައްދާލަން ބޭނުންވިއެވެ. ނާއިލުގެ ތަނަވަސް މޭގައި ބޯއަޅައިލައިގެން އޮވެ ހިތް ފުރެންދެން ރޯލަން މަނާރު ބޭނުމެއެވެ. އަދިވެސް ލޯބިވާކަން ހާމަ ކުރަން އޭނާ ބޭނުމެވެ. ނަމަވެސް އެހާ ހިތްވަރެއް މަނާރަކަށް ނުލިބުނެވެ. މަޑުމަޑުން ކައިރީގައި ހުރި ފޮށީގެ އަތްގަނޑުގައި ހިފާ ދަމަމުން ނުކުތީ އެގޭން ބޭރަށެވެ.

ކޮރު ޖަހަމުން ކަހަލަ ގޮތަކަށް ނާއިލު އައިސް ކޮޓަރީގައި ހުރި ސޯފާގައި އިށީނދެއްޖެވެ. މީކާ ކަންބޮޑުވުމާއިއެކު ނާއިލުގެ ގާތުގައި އިށީނދެ ވީ ގޮތެއް އޮޅުން ފިލުވުމަށް ސުވާލު ކުރިއެވެ. އޭރު ނާއިލުގެ އުދާވެސްފައިވާ މޫނުމަތީގައި ހުރި ރުޅިވެރިކަމުގެ އަސަރު މީކާއަށްވެސް ފާޅުކޮށް ދެނެގަންނަން އެނގޭހާ ވެއެވެ. އަދި އެނިތުން ހިއްލަމުން ދިޔަ ދާތިކިތަކަކީ ނާއިލުގެ ސިކުނޑީގައި ކޮންމެވެސް ކަމެއް ހިނގާކަމުގެ ނިޝާނެކެވެ.

“ޝީ އިޒް މަނާރު” ނާއިލު ބުނެލިއެވެ. މިވީހާ ދުވަހު މީކާއަށް މަނާރު ފެނިފައެއް ނެތެވެ. އަދި މަނާރުގެ ވާހަކަ ކޮންމެވެސް ވަރަކަށް އަޑުއިވިފައިވަނީ ނީލްގެ ފަރާތުންނެވެ. އޭނާ އެވާހަކަ ދުވަހަކުވެސް ނާއިލާއި ޙިއްޞާއެއް ނުކުރެއެވެ.

މަޑުމަޑުން ނާއިލު ތެދުވުމާއިއެކު އޭނާ އާއިއެކު އެކީހެން މީކާވެސް ތެދުވިއެވެ. ފިޔަވަޅަކަށް ފަހު ފިޔަވަޅެއް އަޅަމުން ގޮސް ބޮޑުކުޑަދޮރުގެ ކުރިމަތީ ހުއްޓި އެލުވައި ހުރި ވިންޑްޗައިމަށް ނާއިލު ބަލާލިއެވެ. އެލިފައި ހުރި ހުރިހާ ބައެއްގައި އެއްކޮށް ހިފައި އަތަށް ލެވުނުހާ ބާރެއް ލާފައި ދަމައިގަތެވެ. އެވަގުތު އޭގައި ހުރި ބިއްލޫރުކޮޅުތައް އެކަތި އަނެކައްޗާ ޖެހެމުންދިޔަ އަޑުއިވެމުން ދިއުމާއިއެކު އެތި އެއްކޮށް ނާއިލުގެ އަތަށް އަތުވެއްޖެއެވެ. އަޅުވާފައި ހުރި ބުޅި ގަނޑުން ކަނޑައިގެން ގޮސްގެންނެވެ.

“ޖަސްޓް ޓޭކް ދިސް އައުޓް އޮފް މައި ސައިޓް، ތްރޯ އިޓް އަވޭ” ނާއިލު ވަގުތުން އަތުގައި އެލިފައި އޮތް ވިންޑްޗައިމް މީކާއަށް ދިއްކޮއްލަމުން ބުންޏެވެ. އެހިނދު ކޮޓަރީގެ ދޮރުގައި ޓަކި ޖަހާލި އަޑާއިއެކު ދޮރުހުޅުވިގެން ދިޔައެވެ. އަދި ކުއްލިއަކަށް އެތަށް ބައެއްގެ އަޑު އެއްފަހަރާ އެކޮޓަރި ތެރޭން ނާއިލަށް އިވުނެވެ.

“ކޮންތާކަށް ތީތި ތިގެންދަނީ” ކުއްލިއަކަށް ސަމީރާއަށް މީކާގެ އަތުގައި އޮތް ވިންޑްޗައިމު ފެނި ސުވާލު ކުރިއެވެ. އޭނާގެ ގާތުގައި ހުރި މޯނާވެސް އެއަށް ބަލާލިއެވެ. އެއާއިއެކު ނާއިލު ބޭނުންވާ ގޮތް މީކާ، ސަމީރާއަށް ހާމަކުރިއެވެ. އެކަން ބޮޑުކަމަކަށް ނުވެ ސަމީރާ އައިގޮތަށް އައިސް އޮޅުލައިގަތީ ނާއިލުގެ ގައިގައެވެ.

“ދަރިފުޅު އެއްކޮށް ރަނގަޅުވީތަ، ޝަބާވެސް މިރޭ ނެތެންނު، މަންމަ ގުޅަންތަ ޝަބާއަށް” ސަމީރާ އުފަލުން ހުރެ ވާހަކަ ދެއްކިއެވެ.

“ނޫން މަންމާ، މާދަން ޝަބާ ގެއަށް އައީމަ ދިމާވާނެ އެންނު” ނާއިލު މަޑުމައިތިރި ކަމާއިއެކު ބުނެލިއެވެ.

“އޯ… ޝަބާއަށް ސަޕްރައިޒެއް ދޯ” މޯނާ ވަރަށް ހިނިއައިސްފައި ހުރެ ބުނެލިއެވެ.

އެންމެން ނާއިލުގެ ވަށާލައިގެން ތިބި އިރު އޭނާ ވަނީ އެކަނިވެލަން ބޭނުންވެފައެވެ. އެންމެންގެ ތެރޭ ނޭވާލާންވެސް އޭނާއަށް އުނދަގޫވެފައި ހުރި ކަހަލައެވެ. ނަމަވެސް އެކަން އޭނާގެ ފަރާތުން ނުދައްކާވޭތޯ މަސައްކަތް ކުރަމުންދިޔައެވެ.

ދެކުދިން ގާތުގައި ބާއްވައިގެން ނިދަން އޮތް ޝަބާއަށް ބެލެނީ އަތުގައި އޮތް މޯބައިލަށެވެ. ނާއިލު އޭނާއަށް ގުޅާނެނަމައޭ ހިތަށް އަރަމުން ދިޔައިރު، ޚުދު އޭނާވެސް ނާއިލަށް ގުޅާލަން ބައެއް ފަހަރު ހިތަށް އަރަމުންދިޔައެވެ. ނުފެނި ގިނަ އިރުވުމުން މާބޮޑަށް ނާއިލުގެ މަތިން ޝަބާ ހަނދާންވަނީއެވެ. އެކަމަކު މިހާރު ނާއިލު ނިދާފަވެސް އޮވެ ދާނެއޭ ޝަބާގެ ހިތަށް އެރިއެވެ. ފުންނޭވާއެއް ބޭރުކޮއްލާފައި އަނެއްކާވެސް ގާތުގައި އޮތް ލޯބި ލޯބި ދެދަރިންނަށް ބަލަން ފެށިއެވެ. ގާތުގައި ނާއިލު ނެތުމުން މިރޭ ނިދިވެސް ހީވަނީ ރުޅިވެގެން އުޅޭ ހެންނެވެ. ފޫހި ކަމާއިއެކު ޝަބާ ފަހަރަކު ހަރަކާތެއް އެނދުގައި އޮވެ ގެންނަމުންދިޔައެވެ.

“ނިދީތަ، ކީއްވެތަ އެހާ އަވަހަށް ދިޔައީ” ބެލްކަނީގައި ހުރި ސަރަންފީގައި ކުރުއަތް މައްޗަށް އޮވެ މޯނާ ފޯނުން ވާހަކަދެއްކިއެވެ. އޭރު ނަވާލު ބަލަން އިން ފިލްމުގެ އަޑު ހުޅުވާފައި ހުރި ކޮޓަރީގެ ދޮރުން ބޭރަށް އިވިއިވި ހުއްޓެވެ.

“ކަމެއްނުވޭ” މަނާރުގެ އަޑުގައިވަނީ މަޑުމޮޅިކަމެވެ.

“އެހެންނުވާނެ ކަމެއް ވެއްޖެ، ނާއިލު ފެނުނީމަތަ އެހާ އަވަހަށް ދިޔައީ، އެނގޭތަ، އޭނަ އެހި މަނާރުގެ ވާހަކަ” މޯނާ ބުނެލިއެވެ.

“ސީރިއަސްކޮށްތަ، މޫންތާ ސަމާސާ ނުކުރައްޗޭ” މޯނާ ބުނި އެއްޗަކުން މަނާރުގެ އަޑަށް ދިރުން އައި ކަހަލައެވެ.

“ހަމަ ތެދެއް މިބުނީ، ދެން އެހެންތާ ވާނީ، މަށަށްވެސް ވީވަރު ނާއިލަށް އެވީ، މަވެސް ހުރީ އަޖައިބުވެފަ މަނާރު މިކޮޅަށް އައީމަ، ތީ ނާންނަން ހިތު އަޅައިގެން ހުރި މީހާ ވިއްޔަ، އޭތް! އަދިވެސް ނުބުނަމެންނު ކީއްވެކަން އައީ” މޯނާ ބުނެލިއެވެ.

“އިހަށް ބުނެބަލަ، ނާއިލު ކީކޭތަ ބުނީ” ކެތްތެރިކަން ކުޑަވެފައި އޮތް ހިތަކާއިގެން މަނާރު އަހާލިއެވެ.

“ކޮންއިރަކު ހޯ މަނާރު އައީ، މިގެއަށް ކީއްކުރަން ހޯ އައީ، އެއީ އެހިހާވެސް އެއްޗަކީ، އާން، ދެން އަދި އެހި ކޮންއިރަކުން ހޯ ފުރަނީ”  މޯނާ އޮޅުން ފިލުވާދިނެވެ.

“ހަމައެކަނި އެހެންދޯ އެހީ، އެކަމަކު އަހަރެން އެނބުރި ދާގޮތަކަށް ނޫން މިއައީ، އަހަންނަށް ޤަބޫލުވެސް ނުކުރެވުނު ނާއިލު އަހަރެންގެ ކުރިމަތީގަ ކޮޅަށް ހުއްޓަ ފެނުނީނަމަވެސް، މިހާރު ކުޑަކުޑަ ބަނޑެއްވެސް ލައިފިދޯ އޭނަގެ” މަނާރު ޚިޔާލީ ގޮތަކަށް ވާހަކަދެއްކިއެވެ.

“މިއަދު އެތެދުވެވުނީ ނާއިލަށް، މަނާރު އައިވަގުތު އަހަންނަށްވެސް ފެނުނީ ނާއިލު ކޮޅަށް ހުއްޓަ، ޝަބާއަށް އެނގުނީމަ އުފަލުން ނޭގެ ވާނެގޮތެއްވެސް، މަނާރު، ނާއިލުގެ ވައިފް ވަރަށް ރަނގަޅު ވާނެ، ވަރަށް ހިތްހެޔޮ އަންހެން ކުއްޖެއް، ޖަސްޓް ލައިކް އަ ސިސްޓަރ ޓު މީ، އަހަރެން ދެކެ ވަރަށް ލޯބިވާނެ… ގޭގެ ހުރިހާ އެންމެންދެކެވެސް އޭނާ ވަރަށް ލޯބިވޭ” މޯނާގެ ވާހަކައަށް މަނާރު ގަޔާވާގޮތެއް ނުވިއެވެ. ނާއިލުގެ ނަން ކިޔޭ ކޮންމެ ފަހަރަކު މޯނާއަށް ޝަބާގެ ނަން ގުޅުވާލެވެނީ ގަސްދުގައެއް ނޫނެވެ.

“އަހަރެން ވަރަށް ނަސީބު ގަދަ ދޯ، އަހަންނާ ނާއިލު އާއި ބައްދަލުވާންވި ވަގުތު ޖެހުނު އިރު އޭނާ އެހުރީ މުޅިން ރަނގަޅުވެފަ، އަހަންނާ އެންމެ ފުރަތަމަ ދިމާވި ދުވަހު ފަދައިން، އޭނާގެ ދެފައި މައްޗަށް ކޮޅަށް” މަނާރު އެގެއަށް ދިއުމާއި ނާއިލުގެ ގުނަވަންތައް ރަނގަޅުވުމާއި ގުޅުވާލަން އޭނާ ބޭނުންވިއެވެ.

“ދެން އެއީ މަނާރުގެ ނަސީބު ގަދަވުންތަ، ނާއިލު ހާދަ މަސައްކަތެއް ކުރިއޭ ރަނގަޅުވާން، އަނެއްކާ ޝަބާ، އޭނާ ހުރިހާ ވަގުތަކު އުޅެނީ ނާއިލުގެ ކަންތައްތަކުގަ، މަނާރުއަށް އެލޯބި ލޯބި ދެފުއްގުޅަ ފެނުނީމަ އަދި އެނގޭނީ، ނާއިލު ބައްޕައަކަށްވެސް ވެއްޖެއޭ، ކޮންފަދަ ލޯބި ދެކުދިން، މާދަން ހަވީރު އަނައްޗޭ ބޭބީ ބަލާލާ ޝަބާ އާއި މީޓު ކުރަން، އެހާ އިރަށް ޝަބާ ގެއަށް އަންނާނެ” މޯނާ އުފަލުން ބުނެލިއެވެ. އެހެންނަމަވެސް އެލަފްޒުތައް ޒަހަރުތިކިތަކެއްގެން އައިސް މަނާރުގެ ހިތް ވިރުވާލި ކަހަލައެވެ. ޤަބޫލު ނުކުރެވިގެން މޯނާ އާއި ސުވާލު ކުރަން ފެށިއެވެ.

“ނާއިލަށް ދަރިއަކު ލިބުނިއްޔޭ، އޭނާއަށް ނުވެސް ހިގެނިސް، ކިހިނެއް… ހެ ހެ ހެ ހެ ހެ… އެހެންވިޔަސް ނާއިލު ލޯތްބެއް ނުވޭ ދޯ އެއަންހެން ކުއްޖާދެކެ” މޮޔައަކު ފަދައިން ހޭންފެށި މަނާރު ބުނެލިއެވެ.

“ސާބަސް، ދަރިން ލިބެނީ ކިހިނެއްކަން މަނާރަށްވެސް އޮޅިފައެއް ނޯންނާނެ، އެދެމީހުން ވަރަށް ނައިސް، އަހަންނަށާ ނަވާއަށްވެސް ވަރަށް ރަނގަޅު، މަނާރުވެސް މީޓުކޮއްލީމަ އެނގޭނީ ޝަބާގެ ރަނގަޅުކަން” މޯނާ ބުނެލިއެވެ.

“ހޫމް، އެނގިދާނެތާ، ދެން ފޯނު ބާއްވަނީ” މަނާރު ހިތްހަމަ ނުޖެހުނުވަރުން ބުނެލެވުނެވެ.

ޝަބާ ގުޅާފާނެކަމަށް ހީކޮށް ނާއިލު ނިދަން އޮތީ ކައިރީގައި ފޯނު ބާއްވާލައިގެންނެވެ. އަދި އޭގެ ރިންގުވެސް އެންމެ އަޑުގަދަ ކޮއްލައިގެންނެވެ. ނިދިފައި އޮތަސް ހޭލެވޭނީ އޭރުންތާއެވެ. އެހެންނަމަވެސް ލޮލަށް ނިދި ވެރިވެގެން ދިޔައިރުވެސް އެކަހަލަ އެއްވެސް ހިލަމެއް ފޯނަކުން ނުވިއެވެ. ލިބިފައިވާ ނުތަނަވަސްކަން އޭނާ ހިންދާލީ ދަރިންނާއި، ޝަބާގެ ޚިޔާލުގައި އޮވެއެވެ. ޝަބާ އާއި ދިމާވުމުން ކުރާނެ ކަންތައްތައް ހިތުގައި ސިފަ ކުރަމުން ހިނިތުންވެލައިގެން އޮވެއެވެ.

މުޅިން އާދުވަހަކަށް ކުރިމަތިލުމަށްޓަކައި ޝަބާ ފަތިސް ނަމާދުކޮއްލައިގެން ފައިބާ ނާއިލަށް ގުޅާލީ އޭނާ ހޭލިތޯ ބަލާލާށެވެ. ގުޅާނެހާ ހިތްވަރު ލިބުނީ ސަބަބެއް އޮތީމަކަން ޔަގީނެވެ. ނަމަވެސް ގުޅިއިރު ނާއިލުގެ ފޯނު އެންގޭޖެވެ. އަނެއްކާވެސް ފޯނު ކަނޑާލާފައި ގުޅާލިއިރު ދެންވެސް ނާއިލުގެ ފޯނު ހުރީ އެންގޭޖުވެފައެވެ. ފޯނު ހިފައިގެން ޝަބާ އެނދުގައި އިށީނދެލި ތަނާހެން ކުއްލިއަކަށް ފޯނުގެ ސްކްރީން ދިއްލެން ފެށިއެވެ.

“ހެލޯ…” އަވަސް އަވަހަށް ފޯނު ނަގާ ކަންފަތުގައި ޖަހާލުމާއިއެކު ޝަބާ މިހެން ބުނެލީ ވަރަށް ބޮޑަށް ހިނިތުންވެލައިގެން އިނދެއެވެ.

“އަހަރެން ޝަބާއަށް ނުގުޅިގެން އުޅެނިކޮށްެ ދެންމެ މިގުޅުނީ، ކީއްކޮއްލީތަ” ނާއިލު ކުޑަކޮށް ހާސްވެފައި ހުރި އަޑަކުން އަހާލިއެވެ. އެހިނދު ޝަބާގެ ލުއިލުއި ހީނލުމުގެ އަޑު އޭނާއަށް އިވުނެވެ.

“ދެމީހުން އެއްފަހަރާ ގުޅަންޏާ ކޮންމެވެސް އެއްފޯނެއް އެންގޭޖުވާނެ އެންނު، އަހަރެންވެސް ދެންމެ ނަމާދުން ފޭބީ، ހިތަށް އެރީ ނާއިލު ހޭލިތޯ ބަލާލަން ގުޅާލަންވީ އޭ، ނަމާދު ކޮއްފިންތަ” ޝަބާ އަހާލިއެވެ.

“ހޫމް، މަވެސް ނަމާދުން ފައިބާފަ ޝަބާއަށް މިގުޅީ، ކޮންއިރަކުން އަންނާނީ” ހިތަށް އޮބި ނޯވެގެން އަހާލާފަދަ ގޮތަކަށް ނާއިލަށް އަހާލެވުނެވެ.

“ހަވީރުން ދާނަން، މަންމަ ގާތު އެހެން ބުނެފަ، މާ އަވަހަށް ގޮސްފިއްޔާ ޝަކުވާ ކުރާނެ، އެހެންވީމަ ކުރިންވެސް ބުނެވުނުހެން ހަވީރުން ދާން މިހިރީ، އެކަމަކު ނާއިލު ބުނެފިއްޔާ އަވަހަށް ގޮސްދާނަން” ޝަބާ ބުނެލިއެވެ. ޝަބާ ބުނީ ރަނގަޅު ވާހަކައެއްކަން އެނގޭތީ ނާއިލު އިތުރަށް އެކަމާ އެއްޗެއް ބުނާކަށް ބޭނުމެއްނުވިއެވެ. އެހެންނަމަވެސް ފޯނު ކޯލު ކުރުކޮއްލާކަށް ބޭނުމެއްނުވިއެވެ. އެހެންވެ ކުދިންގެ ވާހަކަ އޮޅުން ފިލުވިއެވެ. ރޭގައި ޝަބާގެ ވަގުތު ދިޔައީ ކިހިނެއްތޯ އާއި އަދި މިއަދު ރޭވިފައިވަނީ ކޮންކޮން ކަންތައްތަކެއްތޯ ނާއިލު އަހާ އޮޅުން ފިލުވިއެވެ. ދެމީހުންގެ އިޙްސާސްތައް ފާޅު ނުކުރިނަމަވެސް ދެމީހުންނަށް އެކަކު އަނެކަކުގެ އަޑުއިވުމުންވެސް ތިބީ ނުހަނު އުފަލުންކަން އެނގޭހާވެއެވެ.

* * * *

މެންދުރު ފަހުގެ ވަގުތެއްގައި އަސްލަމް އޭނާގެ ދަރިފުޅަށް ރަންކަރުދާހުން ޕާރުސަލު ކުރެވިފައިވާ ދިގު ފޮއްޓެއް ހަދިޔާ ކުރެއްވިއެވެ. އޭރު ބޮޑުކޮޓަރީގެ ސޯފާގައި ތިބި އެންމެންހެން އެއީ ކޮންއެއްޗެއްތޯ ބަލަން ބޭނުންވެފައި ތިއްބެވެ. ހިނިއައިސްފައި އިން ނާއިލު ފޮށީގެ ބޭރުގައިވި ކަރުދާސް ނައްޓާލުމާއިއެކު ފޮށި ހުޅުވާލިއެވެ. އަދި އޭގައިވި ގަދަ ރަތްކުލައަކަށް ދާ އަތުން ކަނޑާނަގާފައިއޮތް ރީތި އަސާ އެންމެނަށް ދައްކާލިއެވެ.

“ތީ ދަރުފުޅަށް ރަނގަޅަށް ހިނގެންދެކަށް އެހީތެރިވާނެ ބައިވެރިއެއް، އިރާދަކުރެއްވިއްޔާ މިހާރު ދެން މީކާގެ އަތުގައި ކީއްކުރަން އެކަކުގެ އަތުގައިވެސް ދަރިފުޅު ހިފައިގެން ހިނގާކަށް ނުޖެހޭނެ، ތި އަސާ ރީތިތަ” އަސްލަމް ހިނިތުންވެލައްވަމުން އައްސަވާލެއްވިއެވެ.

“ވަރަށް ބޮޑަށް ޝުކުރިއްޔާ ބައްޕާ، އަޅުގަނޑަށް ވަރަށް ކަމުދޭ، ވަރަށް ރީތި” ނާއިލު އުފަލުން ބުނެލިއެވެ. އޭނާގެ މޫނުމަތިން ފެންނަމުންދިޔަ އުފާވެރިކަމުގެ ހިނިތުންވުމުން އަސްލަމް ދެއްވި ހަދިޔާ ކަމުދިޔަކަން އެންމެނަށްވެސް ޔަގީން ކުރެވިގެންދިޔައެވެ.

“ދަރިފުޅައްތޯ ހަދިޔާ ދެއްވަނީ، ކޮބާތޯ އަހަރުގެ މިހާތަނަށް އަޅުގަނޑަށް ދެއްވާ ހަދިިޔާ” ސަމީރާ ނޫންގޮތަށް ބުނެލިއެވެ. އެވަގުތު އަސްލަމް ހިނިފުޅު ވަޑުވަމުން ސަމީރާއަށް ބަލާލިއެވެ.

“ކިހިނެއް ހަނދާން ނެތޭނީ، ހެޔޮކަމެއް ކުރުމަށް ސަމީރާ އުޅޭ ކޮންމެ ފަހަރަކު ހާދަ އުފަލެއްވެޔޭ، ހުންނާނެ ގާރޑަން ކައިރީ ސްޓޯރޫމަށް ފޮށިގަނޑު ވައްދާފަ، ފޮތިގަނޑުތައް ނެރެ ބަލާބަލަ ރަނގަޅަށް ތޯ ހުރީ، މެންދުރުވާން އުޅެނިކޮށް ކަސްޓަމުން ބޭރު ކުރެވުނީ، އެހެންވެ ގެނައި ގޮތަށް އެތަނަށް ލީ” އަސްލަމް ހިނިތުންވެއްލައްވައިގެން އިނދެ ބުނުއްވިއެވެ.

ކޮންމެ އަހަރެއްގެ ރަމްޟާން މަހާއި ގާތްކޮއްފައި ސަމީރާ އޭނާގެ ރަށަށް ހެދުން ފަހާ ކަހަލަ ފޮތިގަނޑު ގެންގޮސް ރަށުގައި ފަގީރު ހާލުގައި އުޅޭ މީހުންނަށް ޞަދަގާތެއްގެ ގޮތުގައި ބަހާ ހަދައެވެ. އަދި ބައެއް މީހުންނަށް ފައިސާގެ އެހީވެދެއެވެ. ފަޤީރުންގެ ޚާލު ސަމީރާއަށް އެނގެނީ އެހެންވެއެވެ. އެއީ މުއްސަނދިން ފަދައިން މިދުނިޔޭގައި އުޅެން ޖެހިފައިވާ ބައެއްކަން ސަމީރާ ދަނެއެވެ. އަދި އޭނާގެ މުއްސަނދިކަމުގައި އެފަދަ ފަޤީރު ޚާލުގައި އުޅޭ މީހާގެ ރިޒުގުވެސް ލައްވާފައިވާނޭ ކަމުގައި އޭނާ ހީކުރެއެވެ.

ހަވީރު ހަތަރެއް ޖަހަން އުޅެނިކޮށް ޝަރުމީލާ އިނީ ދާޢޫދު ގެންނަ ވަރަކަށް ހުރިހާ ފޮތިގަނޑުތައް ބަލައި ބައިބަޔަށް އަޅާށެވެ. އޭނާގެ ލޮލުގައި އެވަގުތު ދޮރުން ވަން މަނާރު އަޅައިގަތެވެ.

“މޫންތަ އެބަ އުޅޭތަ” ނުކެރިފަ ހުރި ގޮތަކަށް މަނާރު އަހާލިއެވެ.

“ތީ.. ތީ މޯނާގެ ކޮއްކޮ ދޯ، ކޮން އިރަކު މާލެ އައީ، އާދޭ އާދޭ… ނާއިލުގެ ކޮޓަރި ބިއްދޮށުގައި ވެއްޖެ އެމީހުން” ޝަރުމީލާއަށް ކާކުކަން އެނގުމުން ވަރަށް ހިނިއައިސްފައި ވާހަކަދެއްކިއެވެ. މަނާރަށް ޝަރުމީލާ ބުނި އެއްޗެއް ނޭނގުނެވެ. ނާއިލުގެ ކޮޓަރި ބިއްދޮށޭ ބުނީމަ އެއީ ކޮންތަނެއްކަން ހަޤީޤަތުގަ ނޭނގުނީއެވެ. ސިޑި އާއި ދިމާލަށް މަނާރު ހިނގައިގަތުމުން ޝަރުމީލާ ގޮވާލިއެވެ.

“މަނާރު، މަނާރު ދޯ ކިޔަނީ… މިދިމާލަށް ދޭބަލަ، ގާރޑަން އާއި ދިމާލަށް، މިހިރީނު ނާއިލުގެ ކޮޓަރި” މަނާރަށް ނޭނގުނުހެން ހީވެގެން ޝަރުމީލާ ބުނެލިއެވެ. މަނާރު ހިނިތުންވެލާފައި ޝަރުމީލާ ދެއްކި ދިމާލަށް ދިއުމަށް ހިނގައިގަތެވެ. ރޭ އިރާކޮޅު ނާއިލު ނުކުންތައް އެފެނުނީ އެހެންވީމާ އޭނާގެ ކޮޓަރިން ކަން ވިސްނާލުމުން މަނާރަށް ޔަގީންވިއެވެ.

“މަނާރު، ތިއައީތަ… އަންނަމުން އަންގާލުމެއްވެސް ނޯވޭ ދޯ، އަހަރުމެން މާ ދުރުވީތަ” ގޮނޑީގައި އިން މޯނާ ދިމާކޮއްލުމުގެ ރާގެއްގައި ބުނެލިއެވެ. އޭރު އެތަނުގައި ނަވާލާއި ނާއިލުވެސް އިނެވެ. އެދެމީހުންނަށް ޝޮކެއް ލިބިފައި ތިބި ކަހަލައެވެ. ދެމީހުން ކުރެ އެކަކުވެސް އަނގައިންނެއް ނުބުންޏެވެ.

“ރޭގަ ބުނީމެންނު އަންނާށޭ” މަނާރު މޯނާއަށް ބުނެލިއެވެ. އަދި އެތަނުގައި ހުހަށް ހުރި ގޮނޑީގައި އިށީނެވެ.

“ނަވާ، ކިހިނެއްތަ”  މަނާރުގެ ގާތުގައި އިނީ ނާއިލު ކަމަށްވިޔަސް އޭނާ ކުރިން ވާހަކަދެއްކީ ނަވާލާއި އެވެ.

“ރަނގަޅު” މަނާރާއި ވާހަކަދެއްކުމުގެ ޝައުގުވެރިކަމެއް ނަވާލުގެ ނެތެވެ. އޭނާއަށް ވިސްނެނީ މަނާރުގެ ސަބަބުން ނާއިލަށް ކުރެވޭނެ އިޙްސާސާއި މެދުއެވެ. އެހެންވެ އިރުއިރުކޮޅާ ނާއިލަށް ބަލާވެސް ލެވެއެވެ. ނާއިލު އިސްޖަހާލި ގޮތަށް އިނީއެވެ.

“ނާއިލު، ވާހަކަ ނުދައްކަންތަ ތިއިނީ، އެހާ ގިނަދުވަސްކޮއްފަ ދިމާވީމަ ކިހިނެއްތޯވެސް ނަހާނަންތަ، މީހަކާ އިން އަޑު އިވުނު، މިހާރު ދަރިއަކުވެސް ލިބިއްޖެއޭ މޫންތަ ބުނި، ހާދަ ކުރިއަކަށޭ ދޯ ތިޖައްސާލީ” މަނާރު މާނަފުން ބަލާލުމަކުން ނާއިލަށް ބަލަން އިނދެ ބުނެލިއެވެ.

“ކިހިނެއްތަ، މަނާރަށް ތިއަޑުއިވުނީ ހަމަ ރަނގަޅަށް” ނާއިލު އިސްޖަހާލައިގެން އިންގޮތަށް ބުނެލިއެވެ.

“މޫންތާ، އަހަރުމެން ގްރޫޕު ހަމަވީމަ ކޮފީއެއް ބޯލުމެއްނެތްތަ” މަނާރު ކުރީގެ ހަނދާންތައް އާކުރަން މަސައްކަތް ކުރިއެވެ.

“ހިނގާ ސައިބޯން ދަމާ، ދެންމެ އެންމެން ސައިބޮއެގެން މިއައީ، މިއަދުގެ ހެދިކާ ވަރަށް މީރު” ނަވާލުގެ މޫނުމަތިން ފެނުނު ފޫހި ކަމާއި ގުޅިގެން މޯނާވެސް ބޭނުންވީ އެތަނުން މަނާރު ގެންދިއުމެވެ. އެވަގުތު ނަވާލު އަވަސް އަވަހަށް ތެދުވެގެން އޭނާގެ ކޮޓަރިއަށް ދަނީ ކަމުގައި މޯނާ ގާތު ބުނެ ހިނގައިގަތެވެ. ނާއިލު ވެސް ބަހެއް ނުބުނެ ތެދުވެގެން އަސާގެ އެހީގައި އޭނާގެ ކޮޓަރިއަށް ވަނެވެ. އެމީހުންގެ ދުރުކަން މަނާރަށް އިޙްސާސް ކުރެވި އެކަމާ ދެރަވިއެވެ. އަދި މޯނާ އާއި ސުވާލު ކުރިއެވެ.

“އެހެންނޭ ވާނީ، ތިއައީ އެހާ ދުވަސްކޮއްފަ ވިއްޔަ، މިހާރު ހުރިހާ ކަމެއްވެސް ބަދަލުވެއްޖެ، ނަވާވެސް އެހާ ސަކަރާތް ޖަހަ ޖަހާފައެއް ނޫޅޭ، ދެން އެކަމާ އަޅާނުލާ” މޯނާއަށް ހަޤީޤަތް އެނގޭއިރުވެސް މަނާރަށް ސިއްރުކުރިއެވެ.

ސައިބޮއެގެން މަނާރު ނުކުމެ ޝަރުމީލާ އާއި ވާހަކަދައްކަން އިނުމުން މޯނާ ދިޔައީ އޭނާގެ ކޮޓަރިއަށެވެ. އޭނާ ޝަރުމީލާ އާއި އެހާ ވާހަކަދައްކާ ހިތްނުވާތީއެވެ. އަދި ދަމުން މަނާރު ގާތު އެކޮޓަރިއަށް އަންނަން ބުންޏެވެ. އެއަޑު ނީވޭ ކަމަށް ހަދައިގެން އިން މަނާރު ފަހަތުން އާދޭތޯ މޯނާއެއް ނުބަލައެވެ.

“އެބަ އަންނަން ނާއިލާއި އަނގަތަޅާލާފަ، ހާދަ ދުވަހެއް ފަހުންނޭ މިދިމާވީ” މޯނާ ނާންނާނެ ކަން ޔަގީން ވުމުން މަނާރު، ޝަރުމީލާ އާއި ވާހަކަދައްކަން އިނދެފައި ތެދުވިއެވެ. އަދި ގޮތްދައްކަމުން ހިނގާފައި އައިސް ނާއިލުގެ ކޮޓަރީގައި ޓަކި ޖަހާލުމާއިއެކު އެކޮޓިތެރެއަށް އޭނާ ވަނެވެ.

“މަނާރު…” އެނދުގައި އިށީނދެގެން އަތުގައި އޮތް އަސާގައި ދެއަތުން ހިފަހައްޓާލައިގެން އަތުގައި ނިތްކުރި ޖައްސާލައިގެން ވިސްނަން އިން ނާއިލަށް ކޮޓަރިއަށް ވަން މަނާރު ފެނުމުން އަވަހަށް ތެދުވެވުނެވެ.

“އަހަރެން ނާއިލާއި ވާހަކަދައްކާލަން ބޭނުންވެފައި ހުރިވަރެއް ނޭނގޭތަ، ނޫނީ ހަމަ ގަސްދުގަތަ އަހަރެން ތި އެވޮައިޑް ކުރަނީ” މަނާރު ދެރަވެފައި އަހާލިއެވެ.

“މަނާރު، ވާހަކަދައްކާނީ މިތާކު ނޫން، ހިނގާ ބޭރަށް” ނާއިލަށް ހިތްހަމަ ނުޖެހެވުނެވެ.

“އަހަރުމެން ދެމީހުންނަށް ދައްކަން ބޭނުން ހުރިހާ ވާހަކައެއް ދައްކަން މިކޮޓަރިއަށްވުރެ ސިއްރުތަނެއް ކޮބާ” މަނާރު، ނާއިލާއި ގާތަށް ފިޔަވަޅު އަޅަމުން ދިޔައެވެ.

“އަހަރުމެން ދެމީހުން ބަންދުވެފައި ހުރި ކޮޓަރިއެއްގެ ތެރޭގައި ތިބެ ދައްކަން ޖެހޭ ވާހަކައެއް ނޯންނާނެ” ނާއިލު ބެލީ މަޑުމައިތިރިކަމާއިއެކު ރުޅި އިސްނުކޮށް ވާހަކަދެއްކޭތޯއެވެ.

“ކައިވެނި ކުރީތަ، ދަރިއަކުވެސް ހޯދީ… ތިހިތުން އަހަރެން ނެރެ އެއްލާލީތަ، ނާއިލު، އަހަރެން މިއައީ ނާއިލު ދެކެލާ ހިތުން، އިތުރަށް ދުރުގައި ހުންނަން އުނދަގޫވެގެން، އަހަރެން އަދިވެސް ހާދަ ލޯބިވެޔޭ…” މަނާރު އައިސް ނަވާލުގެ ގައިގާ ލައްވަން އުޅެން ފެށުމުން ނާއިލު އޭނާގެ އަތުގައި ހިފާ އެއްފަރާތް ކޮއްލިއެވެ. އަދި އޭނާއަށް ހިނގޭ އެންމެ އަވަހަކަށް ކޮޓަރިން ނުކުތެވެ. އޭނާގެ ފަހަތުން މަނާރަށްވެސް މަޖުބޫރުވީ އެކޮޓަރިން ނުކުންނާށެވެ. އޭރު ބޮޑުކޮޓަރީގައި އިން ޝަރުމީލާ އެތަނުން ދިއުމަށް ހިނގައިގަންނަނީއެވެ. ނާއިލު އައިސް ސޯފާތަކުގެ ކައިރީ ހުއްޓުނެވެ.

“މަނާރު ކިހިނެއްތަ ތިއުޅެނީ، އަހަންނަކީ މީހެއްގެ ފިރިއެއް، ދެކުދިންގެ ބައްޕަ، މާޒީގައި ހިނގާދިޔަ އެއްވެސް ކަމަކާ މެދު ވިސްނާކަށް އަހަރެން ބޭނުމެއްނޫން” ނާއިލު މަޑުމަޑުން ބުނެލިއެވެ.

“އަހަރެން ތިހާ ނިކަމެތިކޮށްނުލާ” މަނާރު އައިސް ނާއިލުގެ އެއްފަރާތަކަށް ވާގޮތަށް ހުއްޓި ބުނެލިއެވެ.

“މަނާރަށް ތިކިޔޭ އެއްޗެއް އެބަ އެނގޭތަ، އަހަރެން ކޮންއިރަކުތަ މަނާރު ނިކަމެތިކޮއްލީ، މަނާރު އަމިއްލައަށް އަހަންނާ ދުރަށް ދާން ބޭނުންވެގެން ދިޔައީ، އެވެސް އަހަރެން ނިކަމެތި ހާލުގައި ޖެހުނު ދުވަހު، މަނާރަށް ކެތެއްނުވި އެހާލުގައި އޮއްވާ އަހަންނާ ދިމާލަށް ބަލާލަންވެސް، އަހަންނަކީ ޓްރޮފީއެއްނޫން، އެންމެނަށް ދައްކަން ބަހައްޓާކަށް، މަނާރު ބޭނުންވީ ޓޮރިފީއެއް، އަހަންނަށް އެހެން ނުވެވުނީމަ އަހަރެންގެ ބޭނުން ކެނޑުނީ، އަހަރެންގެ ހިތަށް އަސަރު ކުރިކަމެއް ނޭނގޭތަ، އަހަރެން އިންތިޒާރު ކުރާނެ ވަރެއް ނޭނގޭތަ، އަހަރެން މަނާރު ދެކެ ލޯބިވީ ތެދުވެރި ހިތަކައިގެން، އެކަމަކު މަނާރު ލޯބިވީ އެހެން ކަމާއިމެދު އަހަންނަށް ޝައްކު، ވީއިރު ނިކެމަތިކަމެއް އަނެކާއަށް މިދެވުނީ ކާކަށްތަ” ނާއިލު ބުނެލިއެވެ.

“އަހަރެން މިއައީނު، ދެން ދުވަހަކުވެސް ދުރަކަށް ނުދާނަން، އަހަންނަށް ނާއިލުގެ ހިތުން ޖާގައެއް ދީ، ޕްލީޒް، އަހަންނަށް މާފުކޮއްފަ ތިހިތުން ޖާގައެއް ދީ، ތި ހަޔާތަށް އެނބުރި އަންނަން އަހަރެން ބޭނުން، ނާއިލު ބުނި ކޮންމެ ކަމެއްވެސް އަހަރެން ކޮއްފާނަން، ނާއިލު… އަހަންނަށް އެނގޭ ނާއިލު އެ އަންހެން ކުއްޖާދެކެ ލޯތްބެއް ނުވާކަން، މެރީ ކޮއްގެން އުޅޭއިރު ކޮންމެ މީހަކަށްވެސް މިސްޓޭކެއް ހެދިދާނެ، އަހަރެން ޤަބޫލު ކުރަން އެކަން، އެހެންވެ ދަރިއަކު ލިބިދާނެކަން އެނގޭ، އަހަންނަށް އެގޮތްވެސް ޤަބޫލޭ، ނާއިލުގެ ދަރިއަކު ހުއްޓަސް އަހަރެން ނާއިލާއި އިނދެފާނަމޭ، ޕްލީޒް… ގިވް މީ ވަން މޯ ޗާންސް” މަނާރު ނާއިލުގެ އަތުގައި ހިފާލީ އާދޭސްކުރާ ފަދަ ގޮތަކަށެވެ.

ނާއިލު އާއި ބައްދަލު ކުރާހިތުން ކެތްމަދުވެފައި ހުރި ޝަބާ، ޔުމާން އުރާލައިގެން ހުރެ ބޮޑުކޮޓަރި ތެރެއަށް ވަނެވެ. އޭނާގެ ފަހަތުން ޖީން، ޔޫޢާން ގޮވައިގެން ވަނެވެ. ޅަނދޮޅު އަންހެން ކުއްޖަކު ނާއިލުގެ އަތުގައި ހިފާލައިގެން ހުރިތަން ފެނުމުން ޝަބާ ވަރަށް ހައިރާންވިއެވެ. އެއަށްވުރެ އޭނައަށް ސަމާލުކަން ދެވުނީ ދެފައި މައްޗަށް ކޮޅަށް ނާއިލު ހުރީތީއެވެ. އަސާގެ މައްޗަށް ބުރަވެގެން ހުއްޓަސް ނާއިލު އެހުރީ ކޮޅަށެވެ. މަނާރުގެ އަތް ފޮޅުވާލާފައި ނާއިލު ހިނގައިގަންނަން އުޅުމުން އަނެއްކާވެސް މާނާރު ނާއިލުގެ އަތުގައި ހިފިއެވެ. އެތަން ފެނުމުން ޝަބާއަށް ކޮންމެވެސް ކަމެއް ގޯސްކޮށް އެބަ ހިނގާކަން ވިސްނައިގަނެވުނެވެ. ނާއިލުގެ ހަރަކާތައް ހުއްޓުން އެރީ އެތަނަށް ނުކުން ޝަރުމީލާ ފެނިފައެވެ. ޝަރުމީލާ އައި ގޮތަށް ސޯފާތަކުގެ ބިއްދޮށުގައި ބޮޑުކޮޓަރީގެ މެދެއްހާ ހިސާބުގައި ހުރި ފޮތިގަނޑުތައް ނަގައިގެން އެތެރެއަށް ގެންދަން ފެށިއެވެ. އޭނާގެ މާބޮޑު ސަމާލުކަމެއް އެމީހުންނަކަށް ނުދެއެވެ. އެހެންނަމަވެސް ޝަބާ ފެނުމުން އޭނާއަށް ހުއްޓިލެވުނެވެ.

“ޝަބާ، ޤަބޫލުވެސް ނުކުރެވިފަ ދޯ ތިހުންނަނީ، އެކަކަށްވެސް ޤަބޫލެއް ނުކުރެވުނު، އަވަހަށް ދަރިފުޅު ބާއްވާފަ އާދޭ ފިރިމީހާ އާއިއެކު ހިނގާލަން ދާން” ޝަރުމީލާ ހިނިއައިސްފައި މިހެން ބުނެ ހިނގައިގަތީއެވެ.

“އައްޗީ، އެއީތަ ނާއިލުގެ އަންހެނުން ޝަބާއަކީ، މިގޭ ގެންގުޅޭ މީހުންވެސް އެއަށްވުރެ ރީތި ހެދުން ލާ، ގޯންޏަކަށް އެރި ހުރިހެން، ބާވެފައި ހުރި ހެދުމެއްގައި… ނާއިލު، އަހަރެން ޤަބޫލެއް ނުކުރާނަން ނާއިލު އަހަރެންދެކެ ލޯބި ނުވާ ކަމަކަށް، މިހާރު އަދި އަމުދުން، އޭނާއަށްވުރެ އަހަރެން މާރީތި، އަހަރެން މިއައީ ނާއިލަށް ހުރިހާ އުފަލެއް ހޯދާ ދޭންވެގެން…” މަނާރު މިހެން ބުނެ ކުރިއަށް ޖެހިލާ ޓައިލްސް ތަކު މަތީ އަތުރާފައި ހުރި ފޮތިގަނޑު ތަކުން ފޮތިގަނޑެއް ނަގާ ޝަބާއަށް ދިއްކޮއްލިއެވެ.

“އަން، މިތަނުން ފޮތިގަނޑަކުން ހެދުމެއް ފަހާލިޔަސް މިގޭ މީހުންނަށް އެއްޗެއް އުނިވިހެންވެސް ހީނުވާނެ، މީ ކަލޭގެ ފެންވަރު، ނާއިލު ކަލޭ ދެކެ ލޯބިވާނޭ ކަމަށް ހީކޮށްގެން ދޯ ތިހުންނަނީ، ބަލަ މަ މިއައީ އޭ، ދެން އޭނާ ކަލެއަކަށް” ކުއްލިއަކަށް ނާއިލު މަނާރުގެ އަތުގައި ހިފައި ދަމައިގަތްލެއް ބާރުކަމުން މަނާރުގެ އަތުގައި އޮތް ފޮތިގަނޑުވެސް ދިޔައީ ވިއްސައިގެންނެވެ. އެތަނަށް އައި ޝަރުމީލާއަށް މިމަންޒަރު ފެނި މަޑުޖެހެވުނީ ކުއްލި ޝޮކެއް ލިބިގެންނެވެ. މަނާރު ނައިސް ލަސްވެގެން ޚަބަރު ބަލަން އައި މޯނާ ހުރީ ސިޑީގެ ތިރީ ހަރުފަތުގައެވެ. ހަމަ އެމަންޒަރު ބަލަންށެވެ.

“މަނާރު ބޭނުންހާ އެއްޗެއް ކިޔަން ހުރި މީހެއް ނޫން އެއީ، ކިތަންމެ ވަރަކަށް ރުޅި އަޔަސް އެއީ މަގޭ އަންހެނުން، މަގޭ ދަރިންގެ މަންމަ، އަމިއްލަ އަގު ނުވެއްޓެނިސް މިތަނުން ދޭ، އަދި ބުނަން، ކަލޭ މުޅި އުމުރު ދުވަހު އުޅުނަސް މަގޭ އަންހެނުން ވަރެއްނުވާނެ، އޭނާ އާއި ގާތްވެސް ނުކުރެވޭ، ﷲ އިރާދަކުރައްވައިގެން ދުނިޔޭގައި ދިރިހުރިހާ ދުވަހަކު އުޅޭނީ އޭނާ އާއި އިނދެގެން، މިހިތުން އޭނާ ނޫން އެއްވެސް އަންހެނަކަށް ޖާގައެއްނުވޭ… ސާފުވެއްޖެތަ… މިވަރުން ސާފުވާނެ ކަމަށް ހީކުރަން، ދެން ދުވަހަކުވެސް މިގޭ ހަތަރު ފާރުގެ ތެރެއަށް ކަލޭގެ މުޑުދާރު ފައި އަޅައިގެން ނުވާނެ” އެއާއިއެކު ނާއިލު ކުއްލިއަކަށް މަނާރުގެ އަތުން ދޫކޮއްލުމާއިއެކު އައިސް ޝަބާގެ އުނަގަނޑުގައި ހިފާލުމާއިއެކު ގަބުއަރާފައި ހުރި ޝަބާ ގޮވައިގެން ކޮޓަރިއާއި ދިމާލަށް ހިނގައިގަތެވެ. ނާއިލު ހިނގައިގަތުމުން ދުވެފައި އައި މޯނާ، މަނާރުގެ އަތުގައި ހިފާ ދަމަމުން ސިޑިން އަރައިގެން ދިޔައެވެ.

“ލަދެއްވެސް ނުގަނޭތަ، ޝަބާ އާއި ނާއިލާއި ދެމެދަށް މަނާރު ވަންނާކަށް އަހަރެން ބޭނުމެއްނޫން، ތިވައްތަރަށް މަނާރު އުޅެންޏާ މިގެއަށް ދުވަހަކުވެސް އައިސްގެން ނުވާނެ، މަނާރު، ނާއިލުގެ ހަޔާތަށް އަންނަންވީ މިއަދަކު ނޫނޭ، އޭނާ މަނާރަކަށް ބޭނުމެއްނުވޭ، އަހަރެން މީ ނާއިލު ނަމަވެސް، ތިޔަފަދަ އެތަށް މަނާރެއް ޝަބާއަށްޓަކައި ޤުރުބާން ކުރާނަން، އެފަދަ މާތް އަޙްލާގެއް ލިބިފައިވާ އަންހެން ކުއްޖެއްގެ ދިރިއުޅުން ނަގާލަން މަސައްކަތް ކުރީ އަހަރެންގެ ކޮއްކޮއަށް ވީތީ އެކަމާ މިއަދު ވަރަށް ދެރަވެ ލަދުގަނެއްޖެ” މޯނާ، މަނާރުގެ މޫނުގައި އެތިފަހަރެއް ޖެހުމަށްފަހު ބުނަމުންދިޔައެވެ.

ނާއިލު، ޝަބާގެ އަތުގައި އޮތް ޔުމާން އުރާލުމާއިއެކު ޖީންއަށް ގޮވާލުމަށްފަހު ކުދިން ސިޑިކައިރީގައި ހެދި ބޭބީ ރޫމަށް ގެންދިއުމަށް ބުންޏެވެ. އަދި ޝަބާ ކޮޓަރިއަށް ވެއްދުމަށްފަހު އޭނާ ހިނގައިގަތީ ސަމީރާގެ ކޮޓަރިއަށެވެ. މަޑުމަޑުން އައިސް އެނދުގައި އިށިން ޝަބާގެ ހިތާ ސިކުނޑީގައިވަނީ ނާއިލު އެންމެ ފަހުން އެއަންހެން ކުއްޖާއަށް ބުނި ބަސްތަކެވެ. އެލަފްޒުތައް ވަކިވަކިން ވަރަށް ސާފުކޮށް ޝަބާގެ ކަންފަތަށް އަޑުއިވުނެވެ. ޚިޔާލުތަކަށް ގެއްލިފައި އިން ޝަބާ ސިއްސައިގެން ދިޔައީ ކުއްލިއަކަށް ނާއިލު ދޮރު ހުޅުވާލުމުންނެވެ.

“ޝަބާ ބޭނުންވަރަކަށް ފައިސާ މިހިރީ… ކީއްވެތަ އަހަރެން ކައިރީ ނުބުނަނީ ކަމެއް ބޭނުންވީމަ، ދުވާލަކު ހެދުމެއް ލާންވިޔަސް އަހަރެން ޝަބާއަށް ހޯދަދޭނަމޭ، އެކަމަކު ދުވަހަކުވެސް ޝަބާ އެއްވެސް އެއްޗެއް ބޭނުންވެގެން އަހަރެން ގާތު ނުބުނޭ، އަހަންނަކީ އެހާވެސް ދުރުހިލޭ މީހަކީތަ، ކީއްވެތަ ޝަބާ” ނާއިލު ފައްސަތޭކައިގެ ނޫޓުތަކެއް ޝަބާގެ އަތަށް އަޅާލިއެވެ. އެހާގިނަ ފައިސާ ފެނުމުން ޝަބާ ގަތީ ބިރެވެ. ވަގުތުން ފައިސާތައް އަތުގެތެރޭން ދޫކޮއްލުމާއިއެކު ނާއިލުގެ ދެއަތުގައި ހިފިއެވެ. މަނާރު ބުނި އެއްޗަކުން ނާއިލުގެ ހިތަށްވަނީ ވަރަށް ބޮޑަށް އަސަރުކޮއްފައެވެ.

“އެއީތަ މަނާރަކީ” މަޑުމަޑުން ތެދުވެ ނާއިލުގެ ދެއަތުގައި ހިފާލަމުން ޝަބާ އަހާލިއެވެ.

“އޭނައަކަށް ނޯންނާގެ އަހަރެންގެ އަންހެނުންނާ ދިމާލަށް ހިތަށް އައިހާ އެއްޗެއް ގޮވުމުގެ ޚައްޤެއް، އެހެންނޫނަސް ފިރިމީހާއަކީ އަނބިމީހާގެ ކަންތައްތައް ބަލަހައްޓައިދޭން ހުންނަ މީހާ، އަހަންނަށް ޝަބާއަށް ބޭނުންވާ އެއްޗެހި ހޯދާ ނުދެވުމީ ޝަބާގެ އުނިކަމެއްނޫން…” ނާއިލު އަވަސް އަރުވާލާފައި ބުނެލިއެވެ.

“ނާއިލު… ނާއިލު… ތިހެން ނުވިސްނަބަލަ، ރުޅި މަޑުކޮށްބަލަ” ޝަބާ އިސްއުފުލާލުމާއިއެކު ނާއިލުގެ މޫނުގައި ދެއަތުން ހިފަލާލިއެވެ. އެހިނދު ދެމަފިރިންގެ ހަތަރުކަޅި ބައްދަލުވުމާއިއެކު ނާއިލުގެ ހަރަކާތްތަކަށްވެސް ހުއްޓުމެއް އައެވެ.

ދެންވީ ކިހިނެއް ކަމެއް ނޭނގެއެވެ. ޝަބާގެ އުނގަނޑުގައި ހިފާލުމާއިއެކު ނާއިލުގެ އަތުގެތެރެއަށް ޝަބާ ގެނައެވެ. އެދެއަތުގެ ތެރޭ ޝަބާގެ ހަށިގަނޑުގައި ހުރި ކަށިތައް މުގުރާލަން އުޅޭކަހަލައެވެ. ރޯވި ހުޅުގަނޑު ހިފީ ދެޖިސްމުގައެވެ. ނާއިލުގެ ބީހުންތަކާއި ބޮސްދިނުންތަކުން ޝަބާއަށް ކުރެވެމުންދިޔައީ މުޅިން އައު އިޚްސާސް ތަކެކެވެ. ނާއިލުގެ ފަރާތުން ލޯބި މިފެންނަނީ ކަމުގައި ޝަބާއަށް ޤަބޫލު ކުރެވުނެވެ. ކޮޓަރިތެރެއަށް ކުޑަވަރެއްގެ އިންގިލާބެއް އައިކަހަލައެވެ. ނާއިލުގެ އަތުގެ ތެރޭގައި މީގެ ކުރިން ހާޞިލު ކުރަން ނުލިބޭ އެތަށް ފޮނި މީރުކަމަކާ ލައްޒަތެއް ޝަބާއަށް ލިބިގެން ހިނގައްޖެއެވެ. ލަދުވެތި ކަމުގެ ފަރުދާވީ ކިހާ ހިސާބަކު ކަމެއްވެސް އެވަގު ޝަބާއަށް ނޭނގުނެވެ. ލައްޒަތުގެ ހޫނުގައި ދެޖިސްމު އަދަމުންދިޔައީ މިއަށްވުރެ ފުން އަރާމެއް ދުނިޔޭގައި ނުވާ ފަދައަކުންނެވެ. ހަމަނޭވާ ލެވި އެނބުރި ކޮޓަރިއަށް އާދެވުނު އިރުވެސް ޝަބާ އޮތީ ނާއިލުގެ އަތުގެ ތެރޭ އޭނާގެ މޭގައި ބޯއަޅާލައިގެންނެވެ. ލަދުގަތީ ދެނެވެ. ނާއިލުގެ ތުންފަތަށް ވެރިވެފައިވި ހިނިތުންވުން ފެނިފައެވެ. ދެން ނާއިލު، ޝަބާ ގެނެސް ވަކިން ކައިރިކޮށްލިއެވެ.

ރޭގަނޑު ކެއުން ނާއިލުގެ އެދުމުގެ މަތިން ޝަބާ ކެއީ ގޭން ބޭރުންނެވެ. އަދި އެއަށްފަހު ނާއިލު، ޝަބާ ގޮވައިގެން ދިޔައީ މާލޭގެ ބޮޑެތި ފިހަރާތަކަށެވެ. ޝަބާއަށް ބޭނުންވާ އެއްޗެހި ގަނެދެންށެވެ. ދާޢޫދު ކާރުގައި އެދެމަފިރިން ބޭނުންތަނަކަށް ގެންގޮސްދެމުންދިޔައެވެ. މަގުމަތީގައި ތިބޭއިރު ނާއިލުގެ އަތް ޝަބާގެ އުނަގަނޑުން ވަކި ނުވެއެވެ. އަބަދުވެސް ހުންނަނީ އެހާ ގާތުގައެވެ. ކޮޓަރީގައި ހުރި ބޮޑުވާސް ތެޅުނީތީ އެއާގާތް ކުރާ ކަހަލަ ބޮޑު ވާސްއެއް ގަނެގެން ކާރަށް އަރަން ދިޔަ ޝަބާގެ އަތުން އޭތި ދޫވެގެން ވެއްޓުނެވެ.

“ކިހިނެއް ތިހެދީ” ނާއިލަށް ސިހިފައި އަހާލެވުނެވެ. އޭރު ޝަބާގެ މޫނުމަތިން ހީވަނީ ބިރުވެރި މަންޒަރެއް ފެނިގެން ހުރި މީހަކު ހެންނެވެ. ނާއިލަށްވެސް އެދިމާލަށް ބަލާލެވުނެވެ. ހިނގާބިނގާވެ އުޅޭ މީހުން ތަކުގެ ތެރެއިން ވަކި ޚާއްޞަކަމެއް އޭނައަށް ފާހަގައެއް ނުވިއެވެ.

“ސޮރީ…” އިރުކޮޅަކު އެއްޗެއް ނުބުނެވިފަ ހުރި ޝަބާ ބުނެލިއެވެ.

“އެއީ އެވަރު ކަމެއް ނޫން، އަލުން ފިހާރައަށްވަދެ ގަންނަމާ” ނާއިލު ބުނެލިއެވެ.

ނޫނޭ، މިރެއަކު ނޫން ދޯ، ދެން ހިނގާ ދަމާ” ޝަބާ، ނާއިލުގެ އަތުގައި ހިފާލަމުން ބުނެލިއެވެ. ކޮންމެވެސް ކަމެއް ޝަބާއަށް ވެއްޖެކަން ނާއިލަށް އެނގުނެވެ. އެހެންނަމަވެސް މިވަގުތު ސުވާލު ކުރުން ބުއްދިވެރި ކަމެއްގެ ގޮތުގައި ނުދެކި އޭނާ ޝަބާ ގޮވައިގެން ގޮސް ކާރަށް އެރިއެވެ. ޝަބާ މަޑުމަޑުން ފަސް ފަހަތަށް ބެލިއެވެ. އޭނާއަށް ފެނުނީ ދެވަނަ ޒުވާނެއް ނުނެވެ. މަގުގެ އަނެއްފަރާތުގައި ހުއްޓިލައިގެން އެމީހުންނާ ދިމާލަށް ބަލަން އެހުރީ ރާއިދުއެވެ. އޭނާ ޝަބާމެންނާއިއެކު ކާރާ ހަމައަށް އައިކަން ޝަބާއަށް އެނގުނެވެ.

“ރާއިދު، ކޮންދިމާލަކައްތަ ތިދަނީ، ދެން ހިނގާ ގެއާ ދިމާލަށް ނައްޓާލަން” މާހިރު ބުނެލިއެވެ.

“އޭތް، ދެންމެ އެފެނުނީ ކޮންބައެއްކަން އެނގޭތަ، އެއީ ކޮންބައެއްގެ ކާރެއްތަ، ކަލެއަށް ވަރަށް މާލޭގެ މުއްސަނދިން އެނގޭނެ” ޤަބޫލު ކުރަން ދަތިވެފައި ހުރި ރާއިދު އޭނާގެ އެކުވެރިޔާ ގާތުން އެހިއެވެ. މާހިރު، އޭނާއަށް އަސްލަމްގެ ޢާއިލާ އާއި ބެހޭ ގޮތުން މަޢުލޫމާތު ދިނެވެ. އެއާއިއެކު އެރޭގެ ނިދި ރާއިދަށް ހަރާމްވި ކަހަލައެވެ. ސިކުނޑި ފުރިގެން ދިޔައީ ލޯބިވާ އަލަތު އަނބިމީހާގެ ޚިޔާލުތަކުންނެވެ.

ޝަބާއަށް ވީގޮތެއް ނާއިލު އަހާ އަހާވެސް ނުބުންޏެވެ. ނާއިލަށް ރޭގައި ނިދުނު އިރުވެސް ޝަބާއޮތީ ހޭލައެވެ. އަލިވިލުނު އިރުވެސް އެދެލޮލުގައި ނިދީގެ އަސަރު ނެތަސް ވަރުބަލިކަން ފެންނަން ފަށައިފިއެވެ. ކޮފީތަށި ހިފައިގެން ކޮޓަރިން ބޭރުގައި ޝަބާ އިނީ ވިސްނާށެވެ.

“ރާއިދު ހާދަ ހިކިއްޖެޔޭ، ވަރަށް ދެރަވެފަ ހުރިހެން ހީވަނީ، ހިތާމަ ކުރަނީތަ…” ޝަބާއަށް ހޫނު ކޮފީ މަގު ނިތްކުރީގައި ޖައްސާލެވުނެވެ. ވިސްނި ވަރަކަށް އޭނާގެ ބޮލުގައި ރިހުމެއް އުފެދެމުންދިޔައެވެ.

އިރުއޮއްސި އިޝާ ނަމާދަށް އަސްލަމާއިއެކު ނާއިލު ދިޔަވަގުތެވެ. ލީލާ އައިސް ޝަބާގެ ކޮޓަރީގައި ޓަކި ޖެހިއެވެ.

“ޝަބާ ހޯދަން އައިސް އެބަހުރި މީހަކު” ލީލާ ބުންޏެވެ. ހައިރާން ވެފައި ހުރެވެސް ނަމާދު ދޮޅު ބަލާފައި ބުރުގައި އަޅާލައިގެން ޝަބާ ކާކުތޯ ބަލަން ނުކުތެވެ. ބޮޑުކޮޓަރީ ސޯފާގައި އިން މީހަކު ފެނި ޝަބާ މުޅި ހަށިގަނޑު ގަނޑުވި ކަހަލައެވެ.

“ޝަބާ، ކިހިނެއްތަ” ރާއިދަށް ޝަބާ ފެނުމާއިއެކު ތެދުވެ އަހާލިއެވެ. ޝަބާއަށް ހަދާނެގޮތެއް ނޭނގުނެވެ. ހާސްވިވަރުން ރާއިދުގެ އަތުގައި ހިފައިގެން ދިޔައީ ކޮޓަރި ބިއްދޮށަށެވެ.

“ހަމަޖެހިބަލަ، އަހަރެން މިއައީ ހަމަ ޝަބާ ދެކިލަން، ހާލު ބަލަލާލަން، އިތުރު އެއްވެސް ކަމަކު ނޫން” ރާއިދު ވަރަށް ހަމަޖެހިފައި ހުރެ މަޑުމަޑުން ބުނެލިއެވެ. ދެންވެސް ޝަބާއަށް އެއްޗެއް ބުނާކަށް ނޭނގުނެވެ. ކަންބޮޑުވެފައި ހުރެ ރާއިދު އާއި ދިމާލަށް ބެލެނީއެވެ.

“މިތާ އިށީނދެބަލަ، ޝަބާ މީހަކާ އިނީދޯ، ކިހާ ދުވަހެއް ވެއްޖެ، ކޮބާ ފިރިމީހާ، މިގަޑީގަ މިއައީ ފިރިމީހާ އާއި ބައްދަލުވާނެ ކަމަށް” ރާއިދު ބުންޏެވެ.

“ރާ.. އި.. ދު، މިއޮއް ހުރިހާ ދުވަަހު އަހަރެން ހޯދަން ނައިސް މިއަދު ތިއައީ ކީއްކުރަން” ޝަބާ ތުރުތުރު އަޅަ އަޅައި އޮތް އަޑަކުން ސުވާލުކުރިއެވެ. ހަމަ ކޮންމެ ވަގުތަކު ނާއިލު އަތުވެދާނެއެވެ. އޭނާ އާއި ރާއިދު ބައްދަލުވާކަށް ޝަބާ ބޭނުމެއްނޫނެވެ. ޚުދު އޭނާގެ އެމާޒީގެ ހިޔަނި ނާއިލަށް އެޅެން ބޭނުންނުވަނީއެވެ. ނާއިލުދެކެ ލޯބިވާތީއެވެ.

“ގޭގައި ނޫންކަން އުޅެނީ އަހަންނަށް އެނގުނު، އެކަމަކު ދިޔައީ ކޮންތާކަށް ކަމެއް ނޭނގޭ، އަހަންނަށް މާފުކުރާނަންތަ، ހަޤީޤަތުގަ މިގެއަށް އަހަރެން ގެނައީ އަހަރެން ޝަބާދެކެ ވާ ލޯބި، ހިތަށް ހަމަޖެހުމެއް ނުލިބުނު، ބޭނުންވީ ޝަބާ އުޅެނީ އުފަލާ ހިތްހަމަޖެހިގެންތޯ ބަލަން، އަހަރެން އަބަދުވެސް ބޭނުންވީ އެގޮތް ކަމަށްވާތީ، ޝަބާއަށް ދެރައެއް ދޭކަށް އަހަރެން އެއްވެސް އިރަކު ނޭދެން” ރާއިދު ގޮނޑީގައި އިށީނދެ އިސްޖަހާލިއެވެ. އެއާއިއެކު ޝަބާވެސް ޖެހިގެން ހުރި ގޮނޑީގައި އިށީނެވެ.

“ހަތްއަހަރަށްފަހު ރާއިދު އަހަރެން ވަރިކުރުމަކީ އަހަންނަށް ދިން ދެރައެއް ނޫންތަ، އަހަންނަށް ރާޢިދު އާއި ނުލާ ނޭވާލާންވެސް ނޭނގޭ، އެކަމަކު މުޅި ދުނިޔެއަށް އަހަރެން ގިނަކޮއްލާފަ ރާއިދު ދިޔައީ، އަހަރެން ރާޢިދު ހޯދަން ކިތަށް ފަހަރު ދިޔައީން، އަހަންނަށް ކުށެއް ކުރެވުނަސް އެކަންވެސް ބުނި ނަމަތާ ރަނގަޅު ކުރަން އެނގޭނީ، އަހަރެން އުޅުނީ ރާޢިދު ބުނިހާ ގޮތެއް ހަދައިގެން، ކިޔަމަންތެރި އަންބަކަށް ވެގެން” ޝަބާ ފެންކަޅިވެފައި އިނދެ ބުނެލިއެވެ.

އިޝާ ނަމާދުން އައި ނާއިލަށް ޝަބާ ނުފެނުމުން ކޮޓަރިން ނުކުންނަން އުޅެނިކޮށް ބިއްދޮށް ފަރާތުގައި ދެމީހަކު ވާހަކަދައްކާ އަޑުއިވުނުހެން ހީވެ އަވަސް އަވަހަށް ފަހަތު ދޮރު ހުޅުވާލިއެވެ. އެހެންނަމަވެސް އަޑުއިވުނު އެއްޗަކުން ނާއިލަށް ކޮޓަރިތެރެއަށް ދެމިގަނެވުނެވެ. އަދި ކުޑަކޮށް ހުޅުވާލައިގެން ދޮރުކައިރީ މަޑުކޮއްލެވުނީ ބޭރުގައި ވާހަކަ ދައްކަމުން ދިޔަ ޝަބާ އާއި ރާއިދު ދައްކާ ވާހަކައެއް އަޑުއެހުމަށެވެ.

“އެކަމަކު މިހާރު އަހަރެން ރާޢިދަކަށް ބޭނުމެއްނޫން، ރާޢިދު މިގެއަށް އަންނާކަށްވެސް ބޭނުމެއްނޫން، އަހަރެންގެ ހާލު ބަލާކަށްވެސް ބޭނުމެއްނޫން، އެނގޭތަ، އަހަރެން މީނީ ވަރަށް އުފަލުން، ﷲ އަހަންނަށް މިންވަރު ކުރެއްވީ އަހަރެންދެކެ ލޯބިވާ އޯގާތެރި ފިރިއެއް، އޭނާއަށްވުރެ މުހިންމު ދެވަނަ އިންސާނެއް މިހާރަކު ނެތް، އަހަންނަކީ އޭނާގެ ދަރިންގެ މަންމަ، މިދުނިޔޭން އަހަންނަށް ލިބުނު އެންމެ ބޮޑު ޝަރަފު… ރާއިދު އަހަރެން ދޫކޮއްލާފައި ކުރިން ދިޔަހެން، އަބަދުގެ އަބަދަށް ދޭ” ޝަބާ ހިތްހަމަ ނުޖެހިފައި އިންވަރުން ބުނެވުނެވެ.

“އަލްހަމްދުﷲ… އަހަރެން ޝަބާގެ ފަރާތުން އަޑުއަހަން މިއައީ ތިދިން ހުރިހާ ޚަބަރެއް، މިހާރު އަހަންނަށް ކަށަވަރުވެ ޔަގީންވެއްޖެ ޝަބާއަށް ދުނިޔޭގެ ހުރިހާ އުފަލެއް މިންވަރު ކުރައްވައިފިކަން، އަހަރެންގެ އެދުން ފުރިހަމަ ވެއްޖެ” އިސްޖަހާލި ރާޢިދުގެ ދެލޮލަށް ޖަމާވި ކަރުނަ ނުހިފެއްޓުނެވެ.

“ކީކޭތަ ރާއިދު ތިކިޔަނީ” ޝަބާއަށް ރާއިދުގެ ހަރަކާތްތަކުން ދެނެގަންނަންވީ ކޮންކަމެއްކަން ނޭނގުނެވެ.

“އަހަންނަށް ޝަބާ މާފު ނުކުރިޔަސް، މިރޭ އެނބުރި ދާނީ ހުރިހާ ކަމެއް ޝަބާއަށް އޮޅުން ފިލުވާދީފައި، ޝަބާ، އަހަންނަކީ އުފެދުމުގައިވެސް އުނިކަމެއް ހުރި މީހެއް، އެކަމުގެ ސަބަބުން ޝަބާއަށް ލިބެންވީ އުފާތަކަށް ހުރަސް އަޅަން ނުކެރުނީ ތިބާދެކެ ވާ ލޯތްބެއްގެ ބޮޑުކަމުން، ދަރިއަކު ބޭނުންވެގެން ޝަބާ އުޅޭތަން އަހަންނަށް ފެނޭ، ޑޮކްޓަރު ބޭސް އެތަށް ފަހަރެއްގެ މަތިން ކުރިއިރުވެސް ބަދަލެއް ނާންނާނެ އެންނު އެބައި އުނި މީހަކާއި އެކު އުޅޭހާ ދުވަހަކު، އަހަރެން ޝަބާއަށް އެނޫން ދުވަހެއް ލިބުމަށް އެދި އޭރު އެއްކުރި ހުރިހާ ފައިސާއެއް ހިފައިގެން ސިންގަޕޫރަށް ދިޔައީ، ފައިސާ ހުސްވިއިރުވެސް އެއްވެސް ބަދަލެއް ނާދޭ، ޝަބާ މީހަކާ އިން ޚަބަރު ލިބިގެން ބައްދަލުކޮއްލަން ވަރަށް ބޭނުންވި، އެކަމަކު ކައިވެނިކުރީ ކާކާ ކަމެއް ނޭނގޭތީ ހޯދަން ދާން ނޭނގުނީ، ޝަބާގެ މަންމަމެން އަހަންނާ ގަޔާނުވާއިރު އަހަންނަށް އެއްވެސް ކަމެއް ނާންގާނެ އެންނު، އެކަމަކު ބައްދަލު ވީތީ ވަރަށް އުފާވެއްޖެ، މިހިތަށް ހަމަޖެހުން ލިބިއްޖެ، ޝަބާދެކެ ލޯބިވާނެ ފިރިއަކާ، މަންމަ ކިޔާނެ ދަރިން ލިބިއްޖެ” ކަރުނައިގެ ތެރެއިން ރާއިދު ރިހުން އެކުލެވިގެންވި ހިނިތުންވުމެއް ޝަބާއަށް ދިނެވެ. އަދިވެސް ޝަބާދެކެ އޭނާ އެންމެ ފުރަތަމަ ދުވެހެކޭ އެއްވަރަށް ލޯބިވެއެވެ. އެހެންމީހެއްގެ އަތްމައްޗަށް ދޫކޮއްލަން ޖެހުމުން އެހިތްވަނީ ބުނެދޭން ނޭނގޭވަރަށް ޒަހަމްވެފައެވެ. ނާރުތައް ބުރިބުރިވެފައެވެ. ނަމަވެސް އެކަން އޭނާގެ ދުލުން ހާމައެއް ނުކުރިއެވެ.

ޝަބާއަށް ރޮވެނީއެވެ. އަނގަމަތީ އަތްއަޅާލުމާއިއެކު ބާރަށް ހިފަހައްޓާލެވުނީ އަޑުބޭރުވެދާނެތީއެވެ. އަވަސް އަވަހަށް ދެލޯ ފޮހެލާފައި ރާއިދުގެ ފަހަތުން ޝަބާ ބޮޑުކޮޓަރިއަށް ނުކުންއިރު ނަސީބަކުން އެތަނުގައި އެކަކުވެސް ނެތެވެ. ރާއިދު ފަސް އެނބުރި ބަލާލުމެއްނެތި އެދިޔަ ގޮތަށް ދިޔައީއެވެ. ހުއްޓުމެއްނެތި ޝަބާގެ ލޮލުން ކަރުނަ އައިކަމަކު މިފަހަރު ރާއިދުގެ ފަހަތުން ގޮސް އޭނާ ހުއްޓުވާކަށް ޝަބާ ބޭނުމެއްނުވެއެވެ. އަދި ރާއިދުއަށް އެންމެ ފަހުގެ ގޮވާލުމަކުން ގޮވާލާކަށްވެސް ބޭނުމެއްނުވެއެވެ. ދެލޮލުން ރޮވުނަސް އެހިތަށް ތަދެއްނުވެއެވެ. މަޑުމަޑުން އައިސް ކޮޓަރިއަށް ވަނުމާއިއެކު ޝަބާ ދިޔައީ ސިހިގެންނެވެ.

“ރާޢިދު އައީތަ” ޝަބާގެ ކުރިމަތީ ހުރެ ނާއިލު އަހާލިއެވެ. ޝަބާއަށް އެއްވެސް އެއްޗެއް  ނުބުނެވުނެވެ. ބާރަށް ރޮވުމާއިއެކު މޫނުގައި ދެއަތް އަޅާ ފޮރުވާލިއެވެ. އެހިނދު ނާއިލު ޝަބާ ގެނެސް އޭނާގެ މޭގައި ޖައްސާލިއެވެ.

“އަހަންނަށް އަޑުއިވުނު، އެނގޭ އެއީ ރާއިދުކަން، އަހަރެންގެ ހިތަކު އެއްވެސް ބުރަކަމެއްނެތް، ތެދަށް ބުނަންޏާ ޝުކުރުވެރިވަން އޭނާއަށް، އެހެން ކަންތައް ދިމާނުވިނަމަ އަހަންނަށް ޝަބާއެއް ނުލިބުނީސް” ނާއިލު ލޯތްބާއިއެކު ބުނެލިއެވެ.

ރޭގަނޑުގެ ކެއުން ނިންމާފައި ޝަބާ އައީ ކުދިން ތިބި ކޮޓަރިއަށެވެ. ނެޕީ ބަދަލު ކުރާ ކަބަޑާއިއެކު ހުރި ދިގު ގޮނޑީގައި ޔޫޢާން ގޮވައިގެން އިށީނީ ޖީން ކާން ފޮނުވަންވެގެންނެވެ. ޖީން ނުކުތުމާއިއެކު އެތަނަށް ނާއިލު އައިސް ވަނެވެ. އަދި ޝަބާގެ ގާތުގައި އީށީނދެ ޔޫޢާން އާއި ލޯބިކޮއްލިއެވެ. ޝަބާގެ އަތުން ޔޫހާ ނަގަމުން ނާއިލު ތެދުވެ ދަރިފުޅު ގެންގޮސް އެނދަށް ލާފައި އައެވެ.

“ޝަބާ، އަހަރެން ވާހަކައެއް ބުނަންތަ” ދިގު ގޮނޑީގެ ދެފަރާތަށް ފައިވައްޓާލަމުން ޝަބާ އާއި ދާދި ގާތުގައި އިށީން ނާއިލު ބުނެލިއެވެ.

“ހޫމް..” ޝަބާ ބޯޖަހާލިއެވެ.

“އަހަންނަށް ޝަބާދެކެ ލޯބިވެވިއްޖެ، ވަރަށް ބޮޑަށް، މިދުނިޔޭގަ އެހެން އިންސާނަކު ދެކެ ނުވާހާ ބޮޑަށް، ޝަބާ ދެކެ އަހަރެން ލޯބިވޭ، އައި ރިއަލީ ލަވް ޔޫ، ޝަބާ އަހަރެންދެކެ ލޯބިވޭތަ” ނާއިލު ޝަބާގެ ދެއަތްތިލާގައި ހިފައިލައިގެން އިނދެ ބުނެލިއެވެ. އިސްޖަހާލި ޝަބާ އެއްޗެއް ނުބުނެ ގިނަ އިރުވުމުން ނާއިލު އޭނާގެ ދަތްދޮޅީގައި ހިފާ އުފުލާލިއެވެ.

“ކީއްވެ ޝަބާ ރޮނީ، ލޯބިވުމަކީ ރޯންޖެހޭ ވަރު ކަމެއް ނޫނޭ” ނާއިލު ލޯތްބާއި އޯގާތެރި ކަމާއިއެކު ބުނެލިއެވެ.

“އަހަރެން ހީކުރީ އަހަންނަށް އެކަނި ކަމަށް ލޯބިވެވުނީ… ނާއިލު، އަހަންނަށްވެސް ނާއިލުދެކެ ލޯބިވެވިއްޖެ”  ޝަބާ ރޮމުން ބުނެލިއެވެ. އެހިނދު ނާއިލު ޝަބާގެ ކޯތާފަތް ދެއަތްތިލައިން ފޮހެލަ ދިނުމާއިއެކު ހޭންފެށިއެވެ. ޝަބާ ގެނެސް ދެއަތުގެ ތެރެއަށްލާ ބާރުކޮއްލުމާއިއެކު ނިތްކުރީގައި ބޮސްދިނެވެ. މިއީވެސް ލޯބީގެ އާފެށުމެކޭ ބުނާކަހަލައެވެ. އަދި މި ލޯތްބަކީ ﷲ ގެ މިންވަރު ފުޅެވެ. އެކަލާނގެ ނިޔާފުޅެވެ.

“ތީ ޤަދަރުދެވޭ އިންސާނަކީ،
        ދާއިމީ ވަފާ ލިބޭ ރޫޚަކީ،
               ތާރީފު ހައްޤުވުން، ހިތުގެ އިޙްސާސަކީ…”

~ ނިމުނީ ~

2 Comments to “THEE QADAR DHEVE INSAANAKEE [PART 15]”

Leave a Comment

Your email address will not be published. Required fields are marked *