THEE QADAR DHEVE INSAANAKEE [PART 11]

މުޅި ދުވަސް ނިމިގެން ދިޔައިރު ނާއިލު އެއްފަހަރުވެސް ޝަބާއަށް ގޮވާނުލައެވެ. ނިދަން ވަދެފައި ރޭގަނޑު ކާ ބޭސްތަކުގެ ތެރެއިން އެއްބޭސް އުނި ކުރަން ނާއިލު މީކާގެ ގާތުން އެދުނެވެ. އޭނާއަށް އެބޭހުގެ ނޭދެވޭ އަސަރުތަކެއް އެކުލެވިގެންވާކަން އެނގެއެވެ. ހަމައެގޮތަށް އެބޭހުގެ ހަޤީޤަތް މީކާއަށްވެސް އެނގެއެވެ. އެބޭހުގެ ސަބަބުން ފިރިހެނުންގެ ޖިންސީ ބާރު ދެރަކުރުވައެވެ. އެހެންވެ ނާއީލު މިވަގުތުން ފެށިގެން އެބޭސް ބޭނުންކުރުން ހުއްޓާލަން ނިންމީއެވެ.

“ނާއިލް، މިބޭސް ހުއްޓާލައިފިއްޔާ ވާނެ ގޮތް އެނގެ އެންނު، އެފަދަ ހާލަތަކަށް ދާން ތައްޔާރުތަ މިހާރު” މީކާ ކަންބޮޑުވުމާއިއެކު އަހާލިއެވެ. އޭނާ ނާއިލުގެ ނިންމުމަށް ތާއިދު ކުރާކަށް ބޭނުމެއްނޫނެވެ. އެހެންނަމަވެސް ނާއިލުއަށް ފާޅުގައި ނޫނެކޭ، އެހެން ނަހަދާށޭ ބުނާކަށް ނުކެރުނެވެ. ހަޤީޤަތުގައި މީކާއަށް ވިސްނާލެވުނީ ޝަބާ އާއިމެދުގައެވެ. ނާއިލު އެއުޅެނީ ކީއްކުރަންކަން މީކާއަށް އެނގުނީ އެބޭހުގެ ސަބަބުންނެވެ. އެހެންވިޔަސް ޝަބާ އެފަދަ ގުޅުމަކަށް ތައްޔާރެއްނޫންކަން މީކާއަށް އެނގޭތީވެ އޭނާ ހުރީ އެކަން ހުއްޓުވަން ވަރަށް ބޮޑަށް ބޭނުންވެފައެވެ.

“ނާއިލް، ވިސްނާލަބަލަ، އެހިސާބަށް ރިލޭޝަންޝިޕް ގެންދާވަރު ވެއްޖެތަ، ފިޔަވަޅެއް ނަގަންވާނީ ބައިވެރިޔާވެސް ތައްޔާރުތޯ ބަލާފައެންނު، އަހަރެންމީ ނާއިލުގެ ހުރިހާ ކަމެއް ކޮއްދޭން ހުރި މީހާ، އަހަންނަށް އެނގޭ ނާއިލް ވަރަށް އެކަނިވެރިކަން، އެކަމަކު ތިހާ ބޮޑު ފިޔަވަޅެއް އެޅުމުގެ ކުރިން އަދިވެސް ވިސްނާލާށޭ އަހަރެން ބުނާނީ، ތައްޔާރުނުވެ ހުއްޓަ ކަމެއް ދިމާވެއްޖެ ނަމަ ހީވެސް ނުކުރާ ކަހަލަ ގޮތަކަށް ކަންތައް ހިނގައިދާނެ” މީކާ ނާއިލަށް ވިސްނައިދޭން މަސައްކަތް ކުރިއެވެ.

“އަހަރެން މިހިރީ ކައިވެނި ކޮއްގެން ނޫންތަ، މީކާ އަހަންނަށް ތިކަހަލަ ޚިޔާލު ދޭކަށް އަދި ނުވޭ، އަހަރެން މިބުނީނު އެގުޅަ، ތިބޭސްތަކުގެ ތެރޭން އުނިކުރާށޭ” ނާއިލު އަމުރުވެރި ރާގެއްގައި ބުނެލިއެވެ. މީކާ، ނާއިލުގެ އަޑުހުރި ގޮތަކާއިމެދު އެއްވެސް ފަރުވާލެއް ނުބެހެއްޓިއެވެ. ނަމަވެސް ނާއިލު ބުނި ގޮތަށް ކަންތައްކުރީ ހިތާ ދެކޮޅަށެވެ. ރީތިކޮށް އެނދުގައި ނާއިލު ބާއްވާ، ގައިމަތީ ރަޖާއަޅާލަ ދިނުމާއިއެކު މީކާ ހިނގައިގަތީ އެކޮޓަރިން ނުކުތުމަށެވެ.

ކައިފައި ބާކީ ހުރި އެއްޗެހި ހޫނުކުރަން ބަދިގޭގައި ލީލާ އުޅުނެވެ. ޝަބާ އަވަސް އަވަހަސް ފެންޖަގު ހިފައިގެން ބަދިގެއިން ނުކުމެގެން އައިސް އޭނާގެ ކޮޓަރިއަށް ވަނެއެވެ. އޭރު ނަވާލު އައިސް ބަދިގެއަށް ވަންނަނީއެވެ. ރޫޖެހިފައި ހުރި ޓީޝާޓާއި ތަރުތީބު ގެއްލިފައި ހުރި އިސްތަށިގަނޑުން ހީވަނީ އެނދުން ތެދުވީ ދެންމެހެންނެވެ. ލީލާގެ މޫނުމަތިން ފޫހިކަން ފާޅުވެގެން ދިއުމާއިއެކު އުނދުނާއި ދިމާލަށް އެނބުރުނެވެ. ގަސްދުގައި ނަވާލު ކަމެއް ބޭނުންވީތޯވެސް އަހަން ލީލާ ބޭނުންނުވީއެވެ. އެހެން ހުއްޓާ ނަވާލުގެ އަޑު އިވުނެވެ.

“ކާން ހަދާބަލަ” ލީލާ ބަލާވެސް ނުލުމުން އެންމެފަހުން ނަވާލު ބުނެލިއެވެ.

އެހެންޏާ ކަންތައްކުރާ ގޮތާއި ޚިލާފަށް ލީލާ ތަށިތައް ގެނެސް ނަވާލުގެ ކުރިމަތީ ބަހައްޓަމުން ދިޔައީ ތަންކޮޅެއް ބާރަށެވެ. އެއީ އޭނާ ގަސްދުގައި ކުރަމުން ދިޔަ ކަމެއްނޫނެވެ. އޭނާއަކީ ނިކަމެތި ނޯކަރެއްކަން ހަނދާންނެތުނީ ނަވާލަށް އޭނާ ދިން ޤަދަރު މިއަދު ގެއްލިފައިވާތީއެވެ. އެމީހުންގެ ނޯކަރަކަށް ވުމުގެ ކުރިން އޭނާއަކީ އަންހެނެކެވެ. އަންހެނުންނަށް ޤަދަރު ނުކުރާ ފިރިހެނަކީ އޭނާގެ ނަޒަރުގައި ފިރިހެނެއްވެސް ނޫނެވެ.

ކޮޓަރިއަށްވަދެ ފެންޖަގު ބެހެއްޓުމާއިއެކު ޝަބާ އައިސް އޭނާގެ މޯބައިލް ނަގާ ބަލާލިއެވެ. އޭރު ގަޑިން ދިހަގަޑި ފަނަރައަށްވުރެ ބޮޑުވެއްޖެއެވެ. އެހެންނަމަވެސް ފުންނޭވާއެއް ބޭރުކޮއްލީ އަވަހަށް ކޮޓަރިއަށް ވަނުމުން ނާއިލު ހިތްހަމަ ޖެހިދާނެއޭ ހިތާއެވެ. އެކަމަކު އޭނާ އާއި ދިމާލަށް ބަލަން އޮތް ނާއިލުގެ ފަރާތުން ލިބުނީ ހީކުރި ކަހަލަ އިޝާރާތެއްނޫނެވެ.

“ކޮބާ މިރޭ ދާގަޑި ޖެހިއްޖެތޯ ތަ ތިބަލާލީ، ނޫނީ ގުޅާފަ އޮތްތޯތަ” ނާއިލު ބުނެލިއެވެ. ޝަބާ ހުއްޓުން އަރާފައި ނާއިލަށް ބަލަހައްޓައިގެން ހުރެވުނީއެވެ. އޭނާ ކިހިނެއް ހެދީމަ ބާއޭ ނާއިލު ހިތްހަމަޖެހޭނީ އެވަގުތު ހިތަށްއެރިއެވެ.

“މިރޭ އިރު އަރަންދެންވެސް ޝަބާ އޮންނާނީ މިތަނުގަ، އަހަރެންގެ ގާތުގަ، އަނބިމީހާގެ ރޯލު ރަނގަޅަށް އަދާކުރަން ބޭނުންވެގެންނު ތިއުޅެނީ، މީ ޝަބާ ބޭނުންވި ގޮތެންނު، ޝަބާ ބޭނުންވެގެން ތިއުޅޭ ކަހަލަ ގުޅުމެއް އަހަންނާއިއެކު ހިންގިދާނެ، މިހާރު އަހަރެން ބޭނުންވަނީވެސް އެގޮތް، ހަމައެކަނި މިރެއަކުނޫން… އަހަރެން ބުނާ ކޮންމެ ގަޑިއަކު… އެކަމަށް ތިހާ ވަރުހުންނަ މީހަކަށް އެއީ ބޮޑުކަމަކަށް ނުވާނެ އެންނު ދޯ” ނާއިލުގެ ވާހަކަ ހުރިގޮތުން ޝަބާ ލަދުގަތެވެ. އަދި އެހާމެ ހިތުގައި ޖެހުނެވެ. ނާއިލު އެވާހަކަ އެދައްކަނީ ކިހާ ހަޑިމުޑުދާރު ގޮތަކަށްހެއްޔެވެ. ޝަބާ ބޭރުކޮއްލި ފުންނޭވާ އާއިއެކު ދެލޯ މަރާލަމުން ހިންދިރުވާލީ ނާއިލު ކީއެއްޗެހިވެސް ދިރުވާލި ކަހަލަ ގޮތަކަށެވެ. ދެންވެސް އޭނާ ހުރީ އިސްޖެހިފައި ހުރި ފިޔަވަޅުމަތީގައެވެ. އިތުރަށް ނާއިލު އާއި ހަތަރުކަޅި ހަމަކުރަން ނުކެރުނީއެވެ.

“ތި ކަހަލަ އަންހެނަކަށް އަހަރެން ނުޖެހޭނެ ކުރަންވީ ކަންތައްތައް ކިޔާދޭކަށް، އެހެންވީމަ ތިހުންނަނީ ކިހިނެއްވެފާ” ނާއިލު މިހެން ބުނެލިނަމަވެސް އޭނާ އޮތީ ޖެހުލުންވެފައެވެ. އޭނާއަކީ ވިޔާނުދާ ޒުވާނެއްނޫނެވެ. ރާއްޖޭން ބޭރުގައި އުމުރުގެ ގިނަދުވަސްތައް ހޭދަކުރިއެއް ކަމަކު އަންހެން ކުދިންނާ އޭނާ ކައިރިއެއްނުވެއެވެ. އެންމެ ފުރަތަމަވެސް އޭނާގެ ހަޔާތުގަ ކުޑަކޮށްނަމަވެސް ގާތްވި އަންހެން ކުއްޖަކީ މަނާރެވެ. މިހާރު އޭނާ ކުރަން އެއުޅެނީ ދުވަހަކުވެސް ނުކުރާ ކަމެވެ. އެހެންވެ ހިތަށް އެކިއެކި އެއްޗެހި އަރާފައިބަމުންދިޔައެވެ. ގިނަ ދުވަސްތަކެއްވަންދެން ކޭ ބޭހުގެ ސަބަބުން ކުރާނީ ކޮންކަހަލަ އަސަރެއްކަމެއް ޚުދު އޭނާއަކަށްވެސް ނޭނގެއެވެ. އެކަމަކު އޭނާ މިރޭ އެވަނީ ތައްޔާރުވެފައެވެ. ނާއިލުވެސް ދަތްޕިލަ ޖައްސާބާރުކޮއްލުމާއިއެކު ފުންނޭވާއެއް ބޭރުކޮއްލައިފިއެވެ. އަދި ހަމަޖެހިފައި އޮތްކަން ދައްކަން މަސައްކަތްކުރިއެވެ.

ރޭގައި ނާއިލު ކަންތައް ކުރިގޮތުގެ މަތިން ޝަބާ ހަނދާނެއްނުނެތެވެ. އެހެންވެ މިރޭވެސް އެގޮތަށް ނާއިލު ކަންތައްކޮއްފާނެތީވެ ޝަބާ ހުރީ ޖެހިލުންވެފައެވެ. އިސްނަގަން ނުކެރިފައެވެ. ނަމަވެސް ނާއިލު އަނެއްކާވެސް އެއްޗެއް ބުނުމުން މަޑުމަޑުން ޝަބާ އައިސް ނާއިލުގެ ގާތުގައި މަޑުކޮއްލައިފިއެވެ. ރެޔާއި ޚިލާފަށް މިރޭ ޝަބާގެ ހަރަކާތްތައް ލަސްވެފައި ޖެހިލުންވެފައި ހުރިކަން އެނގެއެވެ. އެކަން ނާއިލަށް ފާހަގަ ކުރެވުނު ކަމުގައި ވިޔަސް، އެއްވެސް އެއްޗެއް ނުބުނެ އޭނާ ބަލަމުން ދިޔައީ ޝަބާއަށެވެ. މީކާ އެކޮޓަރިން ނުކުމެގެން ދަމުން ފަނޑުކޮއްލި އަލީގެ ތެރޭގައި ނާއިލަށް ހުރިހާ މަންޒަރެއްވެސް ސާފުކޮށްފެންނަމުންދިޔައެވެ. ލަދުވެތިގޮތަކަށް ރަޖާގެ ތެރެއަށް ޝަބާ ދެމިގަތެވެ. އެރީތި ކަޅުރޭގަނޑޭއްފަދަ ދިގު އިސްތަށިގަނޑު ނާއިލުގެ މޭގައި ބޮސްދޭންފެށުމާއިއެކު އޭނާގެ މެޔާއި ބަނޑަށް އެނގުންވެގެން ހިނގައްޖެއެވެ. ހިތުގައި ގަދަ އޮއެވަރެއް އުފެދި އެކަމުގެ އަސަރު މުޅި ހަށިގަނޑަށް ނުފެތުރިއެއް ނުދިޔައެވެ. ނާރުތަކަށްވާންވެ ވިންދު އަވަސް ކުރުވައިފިއެވެ. އުފެދެމުންދިޔަ ވަރުގަދަ ޖަޒުބާތުގައި ބެހިގެން ހިނގައިދާނޭކަމުގެ ބިރު އުފެދިފައިވެއެވެ. އެހެންނަމަވެސް މިރޭ ޝަބާގެ ބީހުންތައް ހުއްޓުމަކަށް ގެންނާކަށް ނާއިލު ބޭނުމެއްނުވެއެވެ. ޝަބާ މަޑުމަޑުން ނާއިލާއި ގާތްވަމުންގޮސް ދެހަށިގަނޑުގެ ހޫނު އިޙްސާސް ކުރެވޭނޭ ވަރަށް ދެހަން ޖެހިގެން ހިނގައްޖެއެވެ. ނާއިލުގެ ދޫ މިހާރު ވަނީ ތަޅުލެވިފައެވެ. ޝަބާގެ ބީހުންތަކަށް އޭނާގެ ނަފްސު ދޫކޮއްލެވުނު ކަހަލައެވެ. ނާއިލުގެ މޭގައި ބޯއަޅާލައިގެން ޝަބާ އޮތްއިރު، އެހަށިގަނޑު ދެއަތުގެ ތެރެއަށްލާ ބާރުކޮއްލަން ނާއިލު ބޭނުންވިއެވެ. އޭނާ ޝަބާދެކެ އައިސްފައި ހުރި ރުޅީގެ މަތިން މުޅިން ހަނދާންނެތިފައިވާ ކަހަލައެވެ. ނާއިލަށް ބޭއިޙްތިޔާރުގައި އޭނާގެ މޭމަތީ ބޯއަޅާލައިގެން އޮތް ޝަބާގެ ބޮލުގައި ތުންފަތްޖައްސާލެވުނެވެ. އެއާއިއެކު ޝަބާގެ ދެލޯ މަރާލެވުނެވެ. ނަމަވެސް ކުޑަކުޑަ ހިނދުކޮޅެއްގެ ތެރޭ ނާއިލު މޫނު އަނބުރާލައިފިއެވެ. ގަޔާވިއެއްކަމަކު އޭނާ އެކަން ދައްކާކަށް ބޭނުމެއްނުވިއެވެ. މަޑުމަޑުން ހުރިހާ ކަމެއް ވެ ނިމިގެންދިޔައިރު ނާއިލަށް ކުރެވުނު ފަދަ އިޙްސާސެއް ދުވަހަކުވެސް އަދި އޭނާއަކަށް ނުކުރެވެއެވެ. އޭނާއަށް ލިބުނު ހިތްހަމަޖެހުމަކީ ދުލުން ބަޔާންކުރުމަށް ކުޅަދާނަކަމަކަށް ނުވިއެވެ. އުމުރުގައި ފުރަތަމަ ފަހަރަށް އަންހެން ކުއްޖެއްގެ މީރުކަން އަރުގައި ލައިފިއެވެ. އެއީ ކިހާ ފޮނި މީރުކަމެއްކަން އޭނާއަށް އެނގިގެން ދިޔައީ މިރޭކަމުގައި ވިޔަސް އެކަން އޭނާ ފާޅެއް ނުކުރެއެވެ. ޝަބާގެ ފަރާތުން ހިތްހަމަޖެހުންތަކެއް ލިބުނުކަންވެސް އޭނާގެ ހަރަކާތްތަކުން ފާހަގަވިޔަކަ ނުދިނެވެ.

“ދެން ދުރައްދޭ” މުޅި ނަފްސު އޭނާ އާއި ދެކޮޅު ހެދިކަމުގައި ވިޔަސް ނާއިލު ޝަބާއަށް ބުނެލިއެވެ. އެއާއިއެކު މަޑުމަޑުން ޝަބާ އެނދުގެ އަނެއްފަރާތަށް، ނާއިލާއި ދުރަށް ޖެހިލީ ލަދުވެތިކަމާއިއެކުއެވެ. އޭނާއަކީ އަންބެއްކަމުގައި ޝަބާއަށް އިޙްސާސްއެއް ނުކުރެވުނެވެ. ހިތުގައި ތޫނުއެއްޗެހިތަކެއް ހެރެމުންދާފަދަ ތަދެއް އުފެދިގެންދިޔައެވެ. އަނގައިން ބަހެއްވެސް ނުބުނެ ރަޖާއިން މުޅި ހަށިގަނޑު ފޮރުވާލަމުން ނާއިލަށް ފުރަގަސްދިނީ ކަރުނުން ފުރިގެންވި ދެލޮލަލާއި އެކުއެވެ. ނާއިލު އޭނާއަށް ކަންތައް އެކުރީ ކިހާ އިހާނެތިކޮށް ހެއްޔެވެ. އެހިތަށް ތަދުވީ އެހެންވެއެވެ. ނާއިލު އާއިއެކު ގާތްގުޅުމެއް ބޭއްވުން ޝަބާއަށް ފަސޭހަކަމަކަށް ނުވިޔަސް އޭނާ ޝަކުވާއެއް ނުކުރިއެވެ. ހުރިހާކަމެއްވެ ނިމިގެންދިޔައިރު އޭނާއަށް އިޙްސާސް ކުރެވި ލިބެންވީ ފޮނި މީރު ލައްޒަތެއް ނުލިބުނެއެވެ. އޭގެ ބަދަލުގައި އެވަގުތު ކޮޅަކީ އާދަޔާއި ޚިލާފުތަދުތަކެއް ތަހައްމަލު ކުރަން ޖެހުނު ވަގުތުކޮޅެއްކަންވެސް އެނގެނީ ޚުދު ޝަބާއަށެވެ. ވަރުބަލިވެފައި އޮތްވަރުން މާނޭވާލަމުން ދިއުމާއިއެކު ޝަބާގެ ހިތްވެސް ދިޔައީ ވަރަށް ބާރަށް ތެޅެމުންނެވެ.

ގިނައިރެއްނުވެ ނާއިލަށް ނިދުނީ ކިހިނެއްކަންވެސް އޭނާއަކަށް ނޭނގެއެވެ. ގާތުގައި އޮތް ޝަބާ ތެދުވެގެން ދިޔައީ ނާއިލަށް ނިދިއްޖެކަން ޔަގީންވުމުންނެވެ. ފާޚާނާއަށްވަދެ ފެންވަރާލައިގެން އައިސް އިރުކޮޅަކު އެނދުގައި އިށީނދެލައިގެން ޝަބާ ވިސްނަން އިނެވެ. މީ ދެން އޭނާގެ ކޮންމެ ރެއެއްގެވެސް އާދަބާއޭ ޝަބާގެ ހިތަށް އަރަމުންދިޔައެވެ. އަދި ރާއިދުގެ މަތިން އޭނާ ހަނދާންވިއެވެ. ރާއިދުގެ ބީހުންތަކާއި އޭނާގެ ފަރާތުން ޝަބާއަށް ލިބުނު ހިތްހަމަޖެހުމެވެ. ކިތަންމެ ކުޑަކޮށް ޝަބާއަށް ތަދުވިކަމުގައި ވިޔަސް ރާއިދު ވަރަށް ކަންބޮޑުވާކަމެވެ. ޝަބާ ލޯމަރާލުމާއިއެކު ހީވީ އެމަންޒަރުތައް ލޮލަށް ފެންނަން ފެށިހެންނެވެ. މަޑުމަޑުން ނެގި އަތްތިލަ މޫނުގެ އެއްފަރާތުގައި ޖައްސާލި ގޮތަށް ތިރިއަށް ގެނައީ ފިރުމާލާފަދަ ގޮތަކަށެވެ. އެހިނދު ދެލޯ ފުރި މެރިފައިވާ އެސްފިޔަތަކުގެ ދޭތެރެއިން ދިގުރޮނގެއްހެން ޝަބާގެ ކޯތާފަތަށް ކަރުނަތައް ފައިބައިގަނެއްޖެއެވެ. ވަގުތުން ދެއަތުގެތެރޭ މޫނު ފޮރުވާލެވުމާއިއެކު ދެފަރާތަށް ބޯހޫރާލެވުނެވެ. އެއީ އޭނާ ކޮއްގެން ނުވާނޭ ޚިޔާލުތަކެއްކަން ހިތަށް އެރީއެވެ. ޝަބާއަށް ހެދުނީ ގޯހެއްކަން އެނގުމުން އަދިވަކިން ބޮޑަށް ރޮވުނެވެ. ރާއިދު އާއި ނާއިލު އަޅާކިޔައިގެން ނުވާނެކަން ޝަބާއަަށް އެނގުނީއެވެ. ރޮއެ ރޮއެފައި އެނދުގައި އޮށޯތްތަނާހެން ފަސޭހަކަމާއިއެކު ޝަބާގެ ދެލޯ މެރިއްޖެއެވެ. ކަރުނަތައް ނުހިކެނިސް ނިދީގެ ފުންމިނުގެ ތެރެއަށް އޭނާގެ ދަތުރުފަށައިފިއެވެ.

ހަފްތާގެ ބާކީ އޮތް ތިންދުވަސް ނިމިގެންދިޔައީ ޝަބާ ހީކުރި ފަދައިންނެވެ. ނާއިލަށް ހިތްހަމަޖެހުންތަކެއް ލިބެމުންދިޔައެއްކަމަކު އެކަމުގެ ފޮނި މީރުކަމުގެ ރަހަ ޝަބާއަކަށް ނުލިއެވެ. ނިދި ނުލިބި ލޮލުން ކަރުނަ އޮހޮރުމުގެ ސަބަބުން ދެތިން ދުވަހުގެ ތެރޭގައިވެސް ޝަބާގެ ރޫފައަށް ބަދަލުތަކެއްވަނީ އައިސްފައެވެ. އަދި އޭނާގެ ޠޮބީޢަތް މުޅިންހެން ބަދަލުވި ކަހަލައެވެ. ކުރިއަށްވުރެވެސް ބަސްމަދުވެފައި ގިނައިން ގެއިން ބޭރުގައި ހޭދަ ކުރާ ވަގުތުތައް ވަނީ ގިނަވެފައެވެ. އެކަނި ހުންނަން ބޭނުންވަނީއެވެ. އެންމެންވެސް ދެކެނީ އެއީ ނަވާލުގެ ކުއް ކަމުގައެވެ. ޢާއިލާގެ މަޞްލަޙަތަށްޓަކައި ކަންތައްތައް ސިއްރުކުރުމަކީ ޝަބާގެ އާދައެކެވެ. އުޅެބޮޑުވީވެސް އެފަދަ މާޙައުލެއްގައި ކަމަށްވާތީ، އަބަދުވެސް ޢާއިލާގެ ކަންތައްތައް އިސްކުރެވެއެވެ. އެހެންނޫންނަމަ މިއަދު އޭނާ އެހުރި ހާލަތަށް ނުވެސް އައީހެވެ. ނަމަވެސް ކޮންމެވެސް ދިމާލަކުން އޭނާ އައު މަގެއް ކޮށާނެއެވެ. ރަނގަޅު ވަގުތަކަށް އޭނާ އަބަދުވެސް އިންތިޒާރު ކުރެއެވެ. އެއީ އޭނާ އާއި ހެއްދި ފަރާތާއި ދެމެދު އޮންނަ ރޫޚާނީ ގުޅުމެކެވެ. އެއްވެސް އިންސާނަކަށް ކުޅަދާނެވެގެން ނުވާވަރުގެ ތަކުލީފެއް ނުޖައްސަވާނެކަން ޝަބާ ދަނެއެވެ. ހަމަ އެހެންމެ އަޑި ގަޑަކަށް ފަހު އުސްގަޑެއް އަންނާނެކަންވެސް އޭނާ ޤަބޫލު ކުރެއެވެ. އެދުވަހަކަށް އިންތިޒާރު ކުރެވެނީ އެހެންވެއެވެ. ހުރިހާ ކަމެއް އޭނާ ދޫކޮއްލާފައި އެވަނީ އެފަރާތުގެ ނިންމުމަށެވެ. އެކަލާނގެ ހަޟްރަތުން ވާތްގަށް އެދޭމީހާ ނާކާމިޔާބުނުވާހުއްޓެވެ.

ނަވާލުގެ ގިނަ ވަގުތު އޭނާ ހޭދަކުރަމުން ދަނީ ކޮޓަރީގައެވެ. ވީ ކީއްކަމެއް ނޭނގުނަސް، ކަމެއްވެއްޖެކަން ނާއިލަށް ޔަގީން ކުރެވިއްޖެއެވެ. ނަމަވެސް އޭނާ ހުރީ އޭނާގެ ގޮތުގައެވެ. ނަވާލާއި ވާހަކަދައްކާކަށް ބޭނުމެއްނުވެއެވެ. ނާއިލުގެ ހިތުގައި ޝަބާ އާއިމެދު ތަފާތު ވިންދެއް ޖަހާލި ހިނދު، ނަވާލު، ޝަބާ އާއި ގަޔާވެގެން އުޅޭފަދަ އިޝާރާތެއް އޭނާއަށްވަނީ ލިބިފައެވެ. އެހެންވެ ވީ ފޫހިން އިތުރަށް އެއްވެސް އެއްޗެއް އޮޅުން ފިލުވަން އޭނާ ބޭނުންނުވީއެވެ. އަނެއްކޮޅުން އޭނާ ހުރީ ނަވާލަށް އެއްވެސް ކަމެއް ދޫކޮއްލާފަދަ ޚިޔާލެއްގައެއް ނޫނެވެ. ނަވާލު އެކަކާވެސް ވާހަކައެއް ނުދައްކައެވެ. ކާން ބަދިގެއަށް އަންނަނީވެސް އެހެންމީހުން ކައިގެން ފައިބާ ފަހުންނެވެ. ނީލް އާއި މީކާ އަދިވެސް ތިބެނީ އޭނާ ދެކެ ހިތްހަމަ ނުޖެހިފައެވެ.

ދެމަފިރިން ދޭތެރޭ ޖެހުނު މައްސަލަތަކަށްފަހު ނަވާލު، މޯނާއަށް ގުޅިއެވެ. ސަމީރާމެން އަންނަން ހުރިހާ ކަމެއް ހަމަޖެހިފައި އޮތްކަމާއި އެމީހުންނާއިއެކު މޯނާ އަންނަކަންވެސް ނަވާލަށް އެނގުނީ ދެނެވެ. ވަގުތުން ނަވާލު މަނާކުރިއެވެ. ލޯބި ހަތިޔާރެއްގެ ގޮތުގައި ބޭނުންކޮށް، މޯނާ އެރަށަށް އައުން ހުއްޓުވިއެވެ. އެރޭ ހަތަރުދަމު މޯނާ ރޮއެ އާދޭސްކުރިއެވެ. އޭނާއަށް ކުރެވިގެން އުޅެނީ ކޮންކުށެއްކަން ނޭނގޭތީ އެކަން ބުނެދިނުމަށް އެދި އެތަށް ފަހަރަކު އާދޭސްކުރިއެވެ. އަދި ނަވާލު ދެކޭހިތުން، އޭނާ އާއި ދުރުގައި ދެން އެންމެ ދުވަހެއްވެސް ނުހުރެވޭނެކަމަށް ބުންޏެވެ. އެއްވެސް ގޮތަކުން ނަވާލު، މޯނާ އެރަށަށް އަންނަން ޤަބޫލު ނުވުމާއިއެކު އޭނާއަށް ދައްކާނެ ބަހަނާއެއް ނޭނގި ވަގުތުން ޓިކެޓު ހަމަޖެއްސީ ރާއްޖޭން ބޭރަށް ފުރަންށެވެ. އޭނާ ނިންމީ މަނާރުގެ ގާތަށް ދިއުމަށެވެ. މަނާރު ނޫނީ އޭނާ އާއި ނަވާލުގެ ގުޅުން ރަނގަޅަށް އެނގޭނެ އެހެން މީހަކު ނުހުންނާނެކަން އެނގޭތީއެވެ. ސަމީރާ ކުޑަކޮށް ހިތްހަމަ ނުޖެހުނެއްކަމަކު، އެތަށް އަހަރަކަށްފަހު މަނާރުގެ އެދުމަކަށް މޯނާ ދާން އުޅޭތީވެ އެކަން މަނައެއް ނުކުރިއެވެ. އަނެއްކޮޅުން ނަވާލު އެކަމާ އެއްބަސްވެފައި ވާތީ ސަމީރާ އިތުރަށް އެއްޗެއް ބުނާނެ ޖާގައެއް ނޯންނާނެ ކަމުގައި އޭނާ ދެކުނެވެ.

އަދިވެސް އެނދުގައި އޮންނަން ޖެހުމުން ނާއިލުވަނީ ފޫހިވެފައެވެ. އޭނާ ކުރިއަށްވުރެ ބޮޑަށް މިހާރު ރަނގަޅު ވާން ބޭނުންވެއެވެ. ޝަބާގެ ސަބަބަކުންނެއް ނޫނެވެ. ބޭނުންވަނީ ކުރީގެ ދިރިއުޅުން އަލުން ހޯދާށެވެ. ހަތަރެސްފައި މަސައްކަތް ކުރާ ފުރިހަމަ ޒުވާނަކަށް ވާށެވެ. ކޮންމެހެން ޝަބާ އާއިއެކު އުމުރުގެ ބާކީ އޮތްބައި ހޭދަކުރާ ފަދަ ޚިޔާލެއް ނާއިލު ގެންގުޅޭތިއެއްނޫނެވެ. އެކަމާ އޭނާ ނުވެސް ވިސްނައެވެ. މީކާގެ އެހީގައި އޭނާ ކަސްރަތު ކުރަން މަސައްކަތް ކުރެއެވެ. ނެގިމަޑުވެފައި ހުންނަ ޝަބާއަށް އެއްވެސް ފަރުވާލެއް ނުދީވޭތޯ އޭނާ ވަރަށް މަސައްކަތް ކުރެއެވެ. ހަމައެގޮތުން އަދިވެސް އެކޮޓަރީގައި ނަމާދުކުރަން ޝަބާއަށް މަނައެވެ.

އަސްލަމް އާއި ސަމީރާގެ ދެމަފިރިންނާއިއެކު ޝަރުމީލާވެސް އެރަށަށް އައީ ޖެހިގެން އައި ހަފްތާގެ ތެރޭގައެވެ. އަންގާރަ ދުވަހުގެ ހެނދުނު ފްލައިޓުން އައިސް، ލޯންޗުގައި ރަށަށް އާދެވުނީ އެގާރަ ޖަހަނިކޮށެވެ. އެންމެ ފުރަތަމަވެސް ސަމީރާއަށް ދެވުނީ ނާއިލުގެ ގާތަށެވެ. ދަރިފުޅުގެ ގައިގާ ފިރުމާލުމާއިއެކު ނާއިލުގެ ގޮނޑީގެ ފަހަތުގައި ހުރި ޝަބާ އާއި ގާތްވެލާފައި ކޮނޑާއި ކޮނޑު ޖައްސާ ސަލާމްކޮއްލައިފިއެވެ. އަސްލަމްގެ ގާތުގައި ނީލް ހުރެ ގޭތެރެއަށް ވަދެގެން އައެވެ. މީކާ ފޮށިތަށް އެތެރެއަށް ވެއްދިއެވެ. އޭރު ސިޑިމަތީގައި އެންމެނާއި ވަކިން ނަވާލު ހުއްޓެވެ. އޭނާ ކޮންމެވެސް ވަރަކަށް ހާސްވެފައި ހުރެ ތުންފަތުގެ އެއްފަޅީގައި ދަތްއަޅާލަ އަޅާލަ ހުއްޓެވެ. ސަމީރާ އާއި އަސްލަމް ބަލާލުމުން ހިނިތުންވެލާފައި މާގިނައިރު އެތާކު ނުހުއްޓެވެ. އަވަސް އަވަހަށް އޭނާގެ ކޮޓަރިއަށް އެނބުރި ގޮސްފިއެވެ.

ނާއިލު ރަނގަޅުވާން މަސައްކަތް ކުރާތީވެ އެކަމާ އަސްލަމްއަށްވުރެވެސް ބޮޑަށް އުފަލުން އުޅުނީ ސަމީރާއެވެ. އެކަމަކު އަދިވެސް އެމޫނުމަތިން ހިތާމަ ފާޅުވެއެވެ. ދަރިފުޅުގެ މަސައްކަތް ފޫނެއް ފަޔަށް ފެންފުރުންފަދަ ކަމަކަށް ވެގެން ހިނގައިދާނެއޭ ހީވާތީއެވެ. އެހާ ދުވަސް ފަހުން އޭނާ އައި އިރުވެސް ނާއިލަށް އެއްވެސް ބަދަލެއް ނާދެއެވެ. އިނގިލި ކުރިވެސް އޭނައަށް ތަޅުވާނުލެވެއެވެ. އެހުރިހާކަމެއް އެހެން ހުރިއިރު ޝަބާގެ މޫނުމަތިން ހިނިތުންވުން ގެއްލިއްޖެއްކަން ފާހަގަ ކުރެވި އެކަމާ ވަކިންބޮޑަށް ކަންބޮޑުވިއެވެ. ޝަބާގެ މޫނުމަތީގައި މިހާރު އެއްވެސް ދިރުމެއްވާހެނެއް ހިޔެއްނުވެއެވެ. އަދި އައިތާ ދެތިންދުވަހުގެ ތެރޭ ޝަބާގެ އުޅުންވެސް ބަދަލުވެއްޖެކަން ސަމީރާއަށް ފާހަގަ ކުރެވިގެންދިޔައެވެ.

އެގޮތުން ޝަބާ ފަތިސް ނަމާދަށްފަހު އާދައިގެމަތިން އަތިރިއާއި ވީ ފަރާތުގައި ހަދާފައި ހުރި ޖޯލިފަތީގައި ޖައްސާލައިގެން އޮތް ވަގުތެކެވެ. އޭނާގެ ފަސްފަހަތުން ސަމީރާ އައިކަން އެނގުނީ ކުއްލިއަކަށް މީހަކު އޭނާ އާއި ޖެހިގެން ހުރި ޖޯލީގައި އިށީނީމައެވެ.

“މަންމާ…” ޝަބާއަށް ބުނެލެވުނެވެ.

“ހިތްފަސޭހަ ރަށެއްދޯ، އެކަމަކު މިއަތޮޅުގައި އޮތް އެންމެ މީހުން މަދު ރަށޯ މީ” ސަމީރާ ވާހަކަދެއްކިއެވެ. ޝަބާ އެއްޗެއް ނުބުނެ ހިނިތުންވެލީއެވެ. ޝަބާއަށް އެގަޑީގައި ސަމީރާ އައުމުން އުނދަގޫވިއެވެ. އޭނާ މިހާރު ބޭނުންވަނީ ހުރިހާ ވަގުތެއްގައިވެސް އެކަނިވުމަށެވެ. އަމިއްލަ ޚިޔާލުތަކުގެ ތެރެއަށް ގެއްލިފައި ހުންނާށެވެ. ދެމީހުން އެއްޗެއް ނުބުނެ އިރުކޮޅަކު ތިބުމަށްފަހު ދެންވެސް ވާހަކަދައްކަން ފެށީ ސަމީރާއެވެ.

“ޝަބާ، ދަރިފުޅު ރަނގަޅަށް ނުކަނީތަ، ނޫނީ މާޙައުލު ކަމުނުދަނީތަ…” ސަމިރާ ކުޑަކުޑަކޮށް އެއްފަރާތަށް އެނބުރިލަމުން ޝަބާގެ ކޮނޑުގައި އަތްޖައްސާލިއެވެ.

“ނޫން، އެކަހަލަ އެއްވެސް ކަމެއް ނުވޭ، ކިހިނެއްވީތޯ” ޝަބާ މަޑުމަޑުން ވާހަކަދެއްކިއެވެ. ސަމީރާގެ ސުވާލުތައް ފެށުމާއިއެކުހެން ޝަބާ އެތަނުން ތެދުވެގެން ދާން ބޭނުންވެއްޖެއެވެ. އެހެންނަމަވެސް އަދަބުކުޑަވާފަދަ ކަމެއް އޭނާއަށް ކުރާކަށް ނުކެރޭނެއެވެ.

“މިރަށަށް އައިފަހުން މާބަލިވައްތަރު ޖަހައިފި، ކަމަކާ ފިކުރު ކުރަނީތަ، އަޅެ ދޮގު ނަހަދާ ބުނެބަލަ، ކަމެއްވެގެންތަ ތިއުޅެނީ…. އާން މަންމައަށް އެނގިއްޖެ” ސަމީރާ ޝަބާގެ ގޮނޑުން އަތްނެނގުމަށްފަހު ޖޯލިން ކުޑަކޮށް ތެދުވެލައިގެން އިނދެ އިސްޖަހާލިއެވެ.

“މަންމާ…” ޝަބާއަށް ބުނެލެވުނެވެ.

“މަންމަވެސް ދެރަވޭ ނާއިލު އެހާ މަސައްކަތް ކުރާއިރު އެއްވެސް ބަދަލެއް ނާންނާތީވެ، އަދި ދަރިފުޅު ކިހާ ދެރަވާނެ، މަންމަ ނުދެކެން މިނޫނީ އަދި ނާއިލު އެހާ ހިތްވަރު ކުރާތަނެއް، ޝަބާ ތިވަރަށް ފިކުރު ކުރާކަށް ނުވާނެ، މަންމަމެން އެންމެންވެސް މިތިބެނީ ދުޢާ ކޮއްލަ ކޮއްލާ ރަނގަޅުވެތޯ، އަމިއްލަ ޞިއްޙަތަށްވެސް ބަލަންވާނެ، މިހާރު މަންމަ މިއައީނު، ދަރިފުޅު ފިކުރު ބޮޑުވިޔަކަ ނުދޭނަން، އަހަރުމެން އެންމެންވެގެން ނާއިލަށް އެހީވާނީ” ސަމީރާ ބުނެލިއެވެ. ހައިރާންވެފައި ޝަބާއަށް ބަލަން އިނދެވުނީއެވެ. ސަމީރާ ޝަބާއަށް ގޮވާލުމުން އޭނާ އަވަސް އަވަހަށް ހޫން ލައްވާލައިފިއެވެ.

ނަވާލު ކީކޭ ހިތަށް އަރައިގެންކަމެއް ނޭނގެއެވެ. ވަރަށް ވިސްނުމަށްފަހު މެންދުރު އެންމެން ކާގެގައި ތިބި އިރު ޝަބާ ބޭރަށް ނުކުން ވަގުތު ބަލާފައި އޭނާގެ ފަހަތުން ނުކުތެވެ. ޝަބާ ނުކުތީ ނާއިލު ކާމޭޒު ކައިރިއަށް ނާންނާތީވެ އޭނާ ލަސްވަނީ ކޮންސަބަބަކާއި ހެދިތޯ ބަލާށެވެ.

“ޝަބާ” ކުއްލިއަކަށް ނަވާލުގެ އަޑު ޝަބާއަށް އިވި ހުއްޓުންއެރިއެވެ. ޝަބާ ފަހަތަށް އެނބުރި ނަވާލަށް ބަލާލަމުން ލޯއަޅާލާފައި ކުރިއަށް ހިނގައިގަނެއްޖެއެވެ. ދެންވެސް ނަވާލު ގޮވާލިއެވެ. ޝަބާ ނުހުއްޓުމުން އޭނާ ކުރިއަށް އަޅާލި ދެތިން ފިޔަވަޅާއިއެކު ޝަބާގެ އަތުގައި ހިފާ އޭނާ އާއި ދިމާލަށް އަނބުރާލިއެވެ.

“ސޮރީ… އައެމް ސޮރީ…” ނަވާލުގެ އަޑުވަނީ ބަދަލުވެފައެވެ.

“އަތުން ދޫކޮއްލާ، ނަވާލުގެ އަޑުއަހާކަށް އަހަރެން ބޭނުމެއްނޫން… ދޫކޮއްލާ…” މީހަކަށް އަޑުއިވިދާނެތީވެ ޝަބާ ވާހަކަދެއްކީ ކިތަންމެ މަޑުންކަމުގައި ވިޔަސް އޭނާގެ އަޑުގައި ނުރުހުމުގެ އަސަރު އެކުލެވިފައި ހުއްޓެވެ.

“ނަވާލު…” ކޮޓަރިން މީކާގެ އެހީގައި ނުކުން ނާއިލު ހަޅޭލަވައިގަތެވެ. ނާއިލުގެ އަޑުއިވުނުއިރު މީކާ އައިސް ނަވާލުގެ އަތް ޝަބާގެ އަތާއި ވަކިކޮއްލައިފިއެވެ.

“ކިހިނެއްވެގެންތަ ނަވާލު ތިއުޅެނީ، ކޮންމެ ކަމަކަށްވެސް ހައްދެއް އޮންނަން ވާނެ، މަންމަމެން އުޅޭކަންވެސް ނޭނގޭތަ” މީކާ އިނގިރޭސިބަހުން ފައްޗަކަށް އަމުނާލިއެވެ. އޭރު ހައިރާންވެފައި ނާއިލަށް، މީކާ އާއި ނަވާލުގެ ކުރިމަތިލުމަށް ބަލަހައްޓައިގެން އިނދެވުނީއެވެ. ޝަބާ ދުވެފައި އައިސް ކޮޓަރިއަށް ވަނެވެ. އޭނާގެ ދުވަސް ހިނގައްޖެކަމުގައި ޝަބާއަށް ހީކުރެވުނެވެ. ނާއިލު އިތުރަށް އޭނާ ދެކެ ނަފުރަތުކުރާނެ ސަބަބެއްކަމުގައި އެވެގެންދިޔަ ކަންތައް ވެދާނެކަން ހިތަށް އެރުމާއިއެކު ރޮވޭ ގޮތްވެއްޖެއެވެ. ކެތްކުރަންވީ ކިހާ ދުވަހަކުބާއޭ ޝަބާގެ ހިތަށް އެރިއެވެ. ނާއިލު އޭނާގެ ދުލަށް އައިހާ އެއްޗެއް ޝަބާ އާއި ދިމާލަށް ކިޔާއިރު ޝަބާގެ މޭގައި ދިރުންހުރި ހިތެއްވާކަން ހަނދާނެއްނުހުރެއެވެ.

“މީކާ” ނަވާލު މީކާގެ އަތް ފޮޅުވާލާފައި ބަދިގެ ފަރާތަށް ހިނގައިގަތުމާއިއެކު ނާއިލު ގޮވާލިއެވެ. މީކާގެ މޫނުމަތިން މީގެ ކުރިން ނާއިލަށް ނުފެންނަހާ ރުޅިވެރިކަން ފެންނަމުންދިޔައެވެ.

“ކޮޓަރިއަށް އަހަރެން ވައްދާ، ތަންކޮޅެއް ފަހުން ކާންދާނީ” މީކާ، ނާއިލުގެ ގޮނޑީގައި ހިފާ ކުރިއަށް ޖައްސާލުމާއިއެކު ނާއިލު ބުނެލިއެވެ. ހިތްހަމަ ނުޖެހިފައި ހުރި މީކާ، ނާއިލު ބުނިގޮތަށް ކަންތައްކޮއްދިނެވެ. ކޮޓަރިއަށް ވަނުމާއިއެކު އެއްފަރާތެއްގައި ފާރުގައި ލެނގިލައިގެން އިސްޖެހިފައި ހުރި ޝަބާ އެދެމީހުންނަށް ފެނުނެވެ.

އޭރު ބަދިގެއިން ބޭރަށް ލީލާ ބޯދިއްކޮއްލީ ސަމީރާގެ އެދުމަށެވެ. މާބާރަށް ނާއިލުގެ އަޑު އިވުނު ހެން ހީވެގެން ވީކީއްތޯ ބެލުމަށެވެ. ނަމަވެސް އޭނާއަށް ފެނުނީ އެދިމާލަށް އައި ނަވާލެވެ. އެހެންވެ ވީގޮތެއް ނޭނގުނެވެ.

“އައި ކާންޓް ޑޫ ދިސް” ކުއްލިއަކަށް ނާއިލުގެ ގޮނޑިން ދޫކޮއްލުމާއިއެކު މީކާ ގޮސް ޝަބާގެ ކުރިމަތީ ހުއްޓުނެވެ. ދެންވެސް ޝަބާ އިސްޖަހާލައިގެން ހުރީއެވެ. ނާއިލަށް މީކާ އެދައްކަނީ ކޮންވާހަކައެއް ކަމެއް ނޭނގުނެވެ.

“މީކާ، ކިހިނެއްވެގެންތަ މިއުޅެނީ، ކޮންކަމެއްތަ މީކާއަށް ނުވާނީ” ނާއިލު، މީކާއަށް ފަސޭހައިން ދޭހަވާނޭ ގޮތަށް އިނގިރޭސިން އެހިއެވެ.

“ޝަބާ، އަހަންނަށް މާފުކުރޭ، އިތުރަށް ނާއިލަށް ސިއްރުކުރާކަށް އަހަރެން ބޭނުމެއްނޫން، ޝަބާގެ ކުށެއްނޫން އެއީ ނަވާލު އެހެން އުޅުމަކީ…” މީކާއަށް އެވާހަކަ ފަށާނީ ކިހިނެއްކަމެއްވެސް ނޭނގުނެވެ.

“މީކާ، އަހަރެން މިތަނުގައި އެބަ އިނީމޭ، ނިކަން އަހަންނަށް ވެގެން އުޅޭގޮތެއް ކިޔާދޭންވީނު، މީކާ، މިކޮޅަށް އާދެބަލަ” ނާއިލު ހާސްވެފައި ވާހަކަދެއްކިއެވެ. ޝަބާއަށް އަވަސް ނަޒަރެއް ދިނުމަށްފަހު މީކާ އައިސް ނާއިލުގެ ކުރިމަތީ ހުއްޓެމުން ހުރިހާ ވާހަކައެއް ކިޔާދޭން ފެށިއެވެ. ނަވާލުގެ އަތްދަށުން ޝަބާ ސަލާމަތްވީ ކިރިޔާ ކަމެވެ. ޝަބާގެ ފަހަތުން ނަވާލު އުޅޭކަމެވެ. ހުރިހާ ކަމެއް ސިއްރުކުރަން ބުނީވެސް ޝަބާކަމެވެ. އެހުރިހާ ކަމަކަށް މީކާގެ އިތުރުން ނީލް ހެކިވާނެކަމެވެ. ފެނުނު މަންޒަރެއްވިއްޔާ ފެނުނީ އެދެމީހުންނަށް އެކީގައި ކަމަށެވެ.

މީކާގެ ވާހަކަތައް އަޑުއަހަމުންދިޔަ ވަރަކަށް ނާއިލަށް ހުރިހާ ކަމެއް ސާފުވެ އެނގެމުންދިޔައެވެ. އޭނާ އެއްފަހަރު ޝަބާއަށް އަނެއްފަހަރު މީކާއަށް ބަލަމުންދިޔައެވެ. މީކާގެ ވާހަކަތަކުން ޝަބާއަށް އިތުރަށް ކެތެއްނުކުރެވުނެވެ. ހުރިދިމާ ތިރީގައި އިށީނީ ދެއަތްތިލައިގެ ތެރޭގައި މޫނު ފޮރުވާލަމުންނެވެ. އޭރު އޭނައަށް ހަމަ ރަނގަޅަށްވެސް ރޮވިއްޖެއެވެ. މީކާގެ ވާހަކަ ނުނިމެނިސް މީހަކު ދޮރުގައި ޓަކި ޖަހާލި އަޑުއިވުނެވެ. އަދި އެއާއިއެކު ދެންއިވުނީ ނީލް ގޮވާލި އަޑެވެ.

“ނާއިލް…” ނީލް ގޮވާލިއެވެ.

“މި ނިކުންނަނީ” ޝޮކުގެތެރޭގައި އިނދެ ނާއިލު ތަންކޮޅެއް ބާރަށް ބުނެލިއެވެ. މީކާ ކަންބޮޑުވުމުގެ ނަޒަރަކުން ދޮރާ ދިމާލަށް ބަލާލިއެވެ.

“ނާއިލު ވާހަކަދައްކަންވީ އަހަންނަކާއެއްނޫން، ވީހުރިހާ ކަމެއްގެ ތަފްޞީލު ދެވޭނީ ޝަބާއަށް، އޭނާގެ ވާހަކަ އަޑުއަހާ” މީކާ އަވަސް އަވަހަށް ބުނެލިއެވެ.

ނާއިލު ކޮޓަރިން ނެރެގެން ނީލް އާއިއެކު ކާކޮޓަރިއަށް މީކާ ގެންދިޔައެވެ. އެމީހުންގެ ފަހަތުން ޝަބާއެއް ނާދެއެވެ. ސަމީރާ އެންމެ ފުރަތަމަވެސް ސުވާލު ކުރީ ޝަބާ ކޮބާތޯއެވެ. އެއްފަހަރާ މީކާ އާއި ނާއިލު އެސުވާލަށް ޖަވާބު ދިނެވެ. ދެމީހުންނަށް ދެއްކުނީ ދެ ބަހަނާއެވެ.

“ޝަބާ ދިޔައީ ދަރިފުޅަށް ވީގޮތެއް ބަލަން، މިއަދު ކިހިނެއްވާ ދުވަހެއްތަ، މިހާރު ބައްޕަ އެ އިންނެވީ ކާންނުފެއްޓެވިފަ، ހުރިހާ ކުދިން ކާމޭޒު ދޮށުގައި ހަމަވޭތޯ ކުރެވުނު މަސައްކަތް މިވީ ބޭކާރެންނު” ސަމީރާ ބުނެލިއެވެ.

“މާފުކުރައްވާ މަންމާ، ޝަބާ ފާޚާނާގައި އުޅެނީ، ބުނީ އަޅުގަނޑުމެން ކާންފެއްޓިޔަސް ރަނގަޅުވާނެއޭ، އިރުކޮޅަކުން ބައިވެރިވެވޭތޯ ބަލާނެ ވާހަކަވެސް ބުނި” ނާއިލު ވާހަކައެއް ހަދާލިއެވެ.

“މިރަށަށް އައިފަހުން އެއްވެސް އުސޫލެއްވެސް ނޯވޭ ދޯ މިހާރު” ޝަރުމީލާ އިނދެފައި ބުނެލިއެވެ. އެކަމަށް މީހަކު އަޅައެއް ނުލިއެވެ. އެންމެން ކާންފެށުމުން ނާއިލުވެސް ކާން މަސައްކަތް ކުރިއެވެ. އެހެންނަމަވެސް މާގިނައެއްކޮށް ކެވޭގޮތެއް ނުވިއެވެ. އޭނާ އިނީ ޝަބާގެ ގާތަށް ކޮޓަރިއަށް ދާން ބޭނުންވެފައެވެ. އަނެއްކޮޅުން އޭނާއަށް ބެލެނީ ކުރިމަތީގައި ކާންއިން ނަވާލަށެވެ. މީކާގެ ދުލުން ނަވާލާއި ގުޅިގެން އިވުނު ޖުމްލަތައް ނާއިލުގެ ކަންފަތުގައި ގުގުމާލި ކަހަލައެވެ. އިތުރަށް އެތަނުގައި އިނުމަށް އޭނާއަށް އުނދަގޫވިއެވެ. އަވަސް އަވަހަށް ކައި ނިންމާލާފައި މައިންބަފައިންގެ ކިބައިން ކޮޓަރިއަށް ދިއުމުގެ ހުއްދައަށް އެދުނެވެ. ވެގެން އުޅޭގޮތެއް ނޭނގުނު ކަމުގައި ވިޔަސް ސަމީރާ ހުއްދަ ދިނެވެ. ޝަރުމީލާއިނީ ސުވާލުގެ ނަޒަރަކުން ބަލަހައްޓައިގެންނެވެ.

މީކާ، ނާއިލު ގެނެސް ކޮޓަރިއަށް ވެއްދިވަގުތު އެމީހުންނަށް ކުރިންވެސް އިންތަނުގައި ރޯން އިން ޝަބާ ފެނުނެވެ. ނާއިލު، މީކާގެ ގާތުން ދިއުމަށް އެދުނެވެ. އަދި ދަމުން ކޮޓަރީގެ ދޮރު ތަޅުލާފައި ދިއުމަށް އެދުނެވެ. މީކާ ހަމަޖެހުމުގެ ނޭވާއެއް ބޭރުކޮއްލުމާއިއެކު ނާއިލު އެދުނުގޮތަށް ކަންތައް ކުރިއެވެ. ކޮޓަރިން ނުކުމެ އޭނާއަށް ކުރިއަށް ހިނގައިގަނެވުނީ ކުޑައިރުކޮޅަކު ދޮރުކައިރި މަޑުވެސް ކޮއްލާފައެވެ. ނާއިލު އާއި ޝަބާގެ މެދުގައި އޮތް ގުޅުން ކުރިއަށްވުރެ ރަނގަޅުވާނެކަމުގައި މީކާއަށް އުންމީދު ކުރެވުނެވެ.

“ޝަބާ، ނުރޮއެ މިކޮޅަށް އާދެބަލަ” އިރުކޮޅަކު ޝަބާއަށް ބަލަން އިނދެފައި ނާއިލު ބުނެލިއެވެ. ނާއިލުގެ އަޑުއިވުމުން އަދި ވަކިން ބޮޑަށް ޝަބާއަށް ރޮވުނުކަން ނާއިލަށް އެނގުނެވެ. އޭނާގެ ސިކުނޑީގައި އެއްފަހަރާ އެތަށް މަންޒަރުތަކެއް ކުލަވެ ސިފަވެގެންދިޔަ ކަހަލައެވެ. އޭނާގެ ފަރާތުން ޝަބާއަށް ލިބުނު ހިތްދަތިކަން އިޙްސާސް ކުރެވިގެން ދިޔައެވެ. ނާއިލުގެ ހިތަށް ކުރި ފުންއަސަރާއިއެކު ބަޔާންކުރަން ދަތި ތަދެއް ވެގެންދިޔައެވެ.

“ޝަބާ، ޕްލީޒް، އާދެބަލަ މިކޮޅަށް، އަހަންނަށް ޝަބާގެ ކައިރިއަށް ދެވޭނަމަ މިހާރު ތިތަނުން ނަގައިގެން އަހަރެންގެ ގާތަށް ގެނެސްފީމު، ޕްލީޒް… އަހަރެންގެ ގާތަށް އާދެބަލަ، އަދިވެސް އަހަންނަށް ކަންތައްތަކެއް ސިއްރުކުރަން ބޭނުންވަނީތަ، ޝަބާ ކީއްވެތަ ތިހެން ކަންތައް ތިކުރަނީ” ނާއިލުގެ އަޑުގައި ރިހުން އެކުލެވިގެންދިޔައެވެ. އެއަޑުގެ އަސަރު ޝަބާގެ ހިތާ ހަމައަށް ފޯރިއެވެ. ފޮރުވާލައިގެން އިން މޫނުން ދެއަތްނަގާ މަޑުމަޑުން ދެލޯ ފޮހެލިއެވެ. އަދި ތެދުވެގެން އައިސް ނާއިލުގެ ކުރިމަތީ ހުއްޓުނީ ކުއްވެރިއަކު ފަދައިންނެވެ.

“ޝަބާ ކީއްވެ އަހަންނަށް ސިއްރު ކުރީ” ނާއިލު ޝަކުވާގެ ނަޒަރަކުން ބަލަހައްޓައިގެން އިނެވެ. ޝަބާއަށް އެއްޗެއް ނުބުނެވުނެވެ. ގަބުވެފައި ހުރިއިރު އެ ދެލޮލުން ފައިބަމުންދިޔަ ކަރުނަތިކިތަކުން ނާއިލުގެ ހިތަށް އުނދަގޫ ކުރުވިއެވެ.

“ޕްލީޒް، ކޮންމެވެސް އެއްޗެއް ބުނެބަލަ، ތިހިތުގަަވީ ހުރިހާ އެއްޗެއް އަހަރެންގެ ކުރިމައްޗަށް ބަންޑުންކޮއްލަބަލަ، ހިމޭންކަމުގައި ހުންނަވީ ވަގުތެއްނޫނޭ މީ” ނާއިލު ބުނަމުންދިޔައެވެ.

“ކީކޭތަ އަހަރެން ބުނާނީ، އެއީ ނާއިލުގެ އެއްބަނޑު އެއްބަފާ ކޮއްކޮ، އަހަރެން ބުނިއްޔާ ނާއިލަށް ޤަބޫލު ކުރެވޭނެތަ” ޝަބާ މަޑުމަޑުން ބުނެލިއެވެ.

“ފަހަރެއްގަ ކުރެވުނީސްކަން ނޭނގެ” ނާއިލު އިސްޖަހާލަމުން ބުނެލިއެވެ. އެއާއިއެކު ޝަބާއަށް ހައިރާންކަން ލިބިގެންދިޔައެވެ. ނާއިލު އެހެން އެބުނީ ކީއްވެ ހެއްޔެވެ. އޭނާގެ ޢާއިލާއަށްވުރެ ބޮޑަށް ނާއިލު ޝަބާއަށް އިތުބާރު ކުރަނީ ބާއެވެ.

“ނާއިލު…” ޝަބާ އިސްޖެހިފައި އިން ނާއިލަށް ގޮވާލިއެވެ.

“އާން، އަހަންނަށް ހަޤީޤަތް ޝަބާ ކިޔާދިންނަމަ ހުރިހާ ކަމެއްވެސް ޤަބޫލު ކުރެވުނީސް، އެނގޭތަ… އަހަރެން މިވަނީ ދުވަހަކުވެސް ނުވެއްޓޭހާ ދަށު ދަރަޖައަކަށް ވެއްޓިފައި، އަހަންނަށް ޝަބާއަށް މަޖުބޫރު ކުރެވުނު…” ނާއިލުގެ ހިތަށް ތަދުވަމުންދިޔައެވެ. ޝަބާ މަޑުމަޑުން އައިސް ނާއިލުގެ ފައި ކައިރީ އިށީނދެ ނާއިލުގެ އުނގުގައި އޮތް ދެއަތުގައި ހިފާލިއެވެ.

އިސްޖަހާލައިގެން އިންއިރު ނާއިލުގެ ސިކުނޑީގައިވަނީ އޭނާ ޝަބާ އާއިމެދު ކަންތައް ކުރެވުނު ހަރުކަށި ގޮތުގެ ޚިޔާލުތަކެވެ. ޝަބާގެ އިޙްސާސްތަކަށް ވިސްނާލުމެއްނެތި އޭނާ ހިތުގައި ޖެއްސުނީތީ ނާއިލު އިނީ ވަރަށް ދެރަވެ އޭނާގެ ޢަމަލުތަކާއިމެދު ލަދުވެސް ގަނެފައެވެ. މާފަށް އެދެން އޭނާގެ ޒަމީރު ވަގުތުން ގޮވާލި ނަމަވެސް އެއްޗެއް ބުނަން ނޭނގިފައި އެތަށް އިރަކު އިނދެވުނެވެ. އެވަގުތު ދެމީހުންކުރެ އެކަކުވެސް އެދެމެދަށް ވެރިވެފައިވާ ހަމަހިމޭންކަން ނެތިކޮއްލާކަށް މަސައްކަތެއް ނުކުރިއެވެ. ޝަބާއަށް ނާއިލާއި ހަތަރުކަޅި ބައްދަލު ކޮއްލަން ނުކެރިފައި އިންއިރު ނާއިލުގެ ހާލަކީވެސް އެއީއެވެ. އިތުރަށް ދައްކާނީ ކޮންވާހަކައެއްބާއޭ ދެމީހުންވެސް ވިސްނާކަހަލައެވެ. ކުއްލިއަކަށް ދެން އިވުނީ މީހަކު ދޮރުގައި ޓަކިންދިން އަޑެވެ.

“ޝަބާ، ދަރިފުޅު އެބައުޅެންތަ؟” އެ އިވުނީ ސަމީރާގެ އަޑުކަން ޔަގީނެވެ. ކޮޓަރީގައި ތިބި ދެމީހުންނަށް އެކުގައި ދޮރާ ދިމާލަށް ބަލާލެވުނެވެ. އަވަސް އަވަހަށް އަޅާފައި ހުރި ޝޯލް ރަނގަޅު ކޮއްލަމުން މޫނުގައި ދެއަތްހާކާލާފައި އައިސް ކޮޓަރީގެ ދޮރު ޝަބާ ހުޅުވައިފިއެވެ.

“ދަރިފުޅު ކަނީ ކޮންއިރަކުންތަ، ނާއިލު ދަރިފުޅުވެސް އެބައުޅެން ދޯ… ކީއްވެތަ ޝަބާ ކާން ނުފޮނުވީ، މަންމަ ހާދަ އިރަކު އިނީމޭ ޝަބާ އާދޭތޯ” ސަމީރާ ކުޑަކޮށް ކޮޓަރީގެ ތެރެއަށް ވަނުމާއިއެކު ނާއިލުވެސް ފެނި ދެމީހުންނާއި އެއްފަހަރާ ވާހަކަދެއްކިއެވެ.

“މަންމަ ކަމަކުތޯ” ޝަބާ ސަމީރާގެ ވާހަކައިގެ މިސްރާބު ބަދަލުކޮއްލަން އުޅުނެވެ. އަނެއްކޮޅުން ބަނޑުހައިކަން އިޙްސާސް ކުރެވުނީވެސް ސަމީރާ އެވާހަކަ ދެއްކުމުންނެވެ.  ދެން އޭނާ ވިސްނީ މެންދުރު ކެއުން ހަވީރުގެ ސަޔަށް ފަސްކޮއްލުމަށެވެ.

“އެބައިން ރަޒިއްޔާ އައިސް، ވަރަށް ދެރަ، ރަޒިއްޔާ އައިސް އިނީ ރަނގަޅު ޚަބަރަކާއިގެންނެއް ނޫން، ނީލް އާއި މަންމަ ވަރަށް ގިނަ ގޮތްގޮތަށް ވާހަކަދައްކައިފިން، އެހެންނަމަވެސް ނަތީޖާ ބަދަލެއްނުވި، ބައްޕަވެސް ބުނުއްވައިފި ރަޒިއްޔާ ބޭނުންވަރަކަށް ފައިސާ ދެއްވަފާނަން ކަމުގައި… އެކަމަކު ކީއްކުރާނީ، އޭނާގެ އަތްމަތީގަ އޮތްކަމެއްނޫންވީމަ ރަޒިއްޔާގެ ނިންމުންވެސް ބަދަލު ނުވީ” ކުއްލިއަކަށް ސަމީރާގެ އަޑުގައި މޮޅިވެރިކަން އެކުލެވިގެން ހިނގައްޖެވެ. އެއަޑު އިވިފައި ކުރިއަށްވުރެ ބޮޑަށް ނާއިލު މާޔޫސްވާގޮތްވެއްޖެއެވެ. އޭނާގެ މަންމަ ބުނަން އެއުޅެނީ ކޮންވާހަކައެއްކަން އޭނާއަށް އެނގުނުކަހަލައެވެ. ޝަބާއަށް ބޭއިޙްތިޔާރުގައި ބަލާލެވުނީ ނާއިލަށެވެ. ކުރަމުން އައި އުންމީދުތައް ވިއްސިވިހާލިވުމުގެ ފުރަތަމަ އަލާމާތްކަމުގައި ސަމީރާގެ ވާހަކަވިއެވެ. ދެން އޮތީ ރަޒިއްޔާގެ ފަރާތުން ކަމުގެ ތަފްޞީލު އަޑުއެހުމެވެ. ޝަބާއަށް ވިސްނާލެވުނީ ނާއިލު އާއިމެދުގައެވެ.

“ހިނގާ ދަމާ” ސަމީރާ ބުނެލިއެވެ. ޝަބާ ހޫން ލައްވާލާފައި ނާއިލުގެ ގާތަށް ހިނގައިގަތެވެ. ބަހެއްވެސް ނުބުނެ ވިސްނުމުގެ ތެރެއަށް ގެއްލިފައި ނާއިލު އިނީއެވެ. ޝަބާ އަވަހަށް މީކާއަށް ގުޅާލުމާއިއެކު އޭނާ އައީ ހީވެސް ނުކުރާހާ އަވަހަށެވެ. ފޯނުން އަނގައިން ނުބުނެވިގެން އުޅެނިކޮށް ފެނުނީ ކޮޓަރީގެ ދޮރުމަތީ މީކާ ހުއްޓައެވެ.

“ޔެސް ޝަބާ” މީކާ ބުނެލިއަޑު އިވުނެވެ.

“ނާއިލް… ރަޒިއްޔާ..” ޝަބާ ޖުމްލައިގެ އެކިތަންތަންކޮޅު ބުނެލުމާއިއެކު މީކާއަށް އޭނާ ބުނަން އުޅުނު އެއްޗެއް އެނގުނެވެ. ޝަބާ ކޮޓަރިން ނުކުންނަން ހިނގައިގަތީ ސަމީރާގެ ފަހަތުންނެވެ. އެއީ މީކާ ނާއިލުގެ ހެދުން ބަދަލު ކުރުވާނެތީވެ އެތަނުގައި ހުންނަން ބޭނުން ނުވާތީއެވެ. ސަމީރާ ކުރިއަށް ސިޓިން ރޫމާ ދިމާލަށް ދިޔައިރު ޝަބާ ހުރީ ނާއިލު ނުކުންނާނެ އިރަކަށް ކޮޓަރީގެ ދޮރުމަތީ މަޑުކޮއްލައިގެންނެވެ.

ހީނހީނފައި ރަޒިއްޔާ ރަށުގައި ހިނގާފައި ހުރި މަޖާ ކަންތައްތަކުގެ ވާހަކަ ނީލް އާއި ދެންތިބި މީހުންނަށް ކިޔައިދެމުންދިޔައެވެ. އަސްލަމްއަކީ ރާއްޖެތެރޭ ގިނަ ރަށްރަށަށް އުމުރުގެ ކުރީކޮޅުގައި ދަތުރު ކުރައްވާފައި ހުންނެވި ބޭފުޅެކެވެ. އެހެންވެ ވަރަށް ގިނަ ރަށްރަށުގެ އެފަދަ ކަންތައްތައް އެނގިލައްވައެވެ. އެހެން ދައްކާ ވާހަކަތަކުގައި ގިނަ ފަހަރަށް ހުންނަނީވެސް ފޮނިތޮށި ކާފޫރުތޮޅި އެއްކޮއްލާފައެވެ. އަސްލަމަށް މިފަދަ ކަންކަން އެނގިލެއްވުންވީ ރަޒިއްޔާއަށް އަތޮޅުތެރޭގެ ވާހަކަތައް ދެއްކުމަށް ލިބުނު ފަސޭހައަކަށެވެ. އެއީ އޭނާގެ ވާހަކައިގައި ހިފާލާނެ މީހަކު އެތަނުގައި އިނީތީއެވެ.

“ދައްތާ…” ނީލް ރަޒިއްޔާގެ ސަމާލުކަން ހޯދައި، ބޮލުން ނާއިލާއި ދިމާލަށް އިޝާރާތްކޮއްލިއެވެ.

ރަޒިއްޔާ އެއްވެސް އެއްޗެއް ނުބުނެ ފަތްޖެހި އެނދާއި ދިމާލަށް ދިއުމަށް ހިނގައިގަތެވެ. އޭނާގެ ފަހަތުން ދެތިން ތިބި މީހުން ހިނގައިގަތެވެ. ނީލް ފުރޮޅުލީ ގޮނޑީގެ އަތްގަނޑުގައި ހިފަހައްޓާލުމާއިއެކު މީކާ އޭނާގެ ބާރުގަދަ ދެއަތުން ނާއިލު އުފުލާލައިގެން އައިސް ފަތްޖެހި އެނދުގައި ބާއްވައިފިއެވެ. އެހެން ދުވަސް ދުވަހެކޭ އެއްގޮތަށް ރަޒިއްޔާ ތެޔޮދެމުގެ މަސައްކަތް ފެށިއެވެ.

“ކޮބާ ދައްތައަށް ނޭވާލާނޭ ވަގުތުކޮޅެއް ދޭންވީނު މިއަދު” ރަޒިއްޔާ އެންމެނަށް ނަޒަރު ހިންގާލާފައި ބުނެލީ އެހެން މާނައެއް ދޭހަވަފަދަ ގޮތަކަށެވެ. އެއާއިއެކު އަސްލަމް އާއި ސަމީރާގެ އިތުރުން ނީލް އާއި ޝަރުމީލާވެސް ހިނގައިގަތީ ގޭތެރެއަށް ވަނުމަށެވެ. މީކާ ހިނގައިގަތުމުން ޝަބާވެސް އެނބުރުނީ އެހެންމީހުންނެކޭ އެއްގޮތަށް އެތަނުން ދިއުމަށެވެ.

“ޝަބާ، އާދެބަލަ މިކޮޅުގަ އިށީނދެ، ދައްތައަށް އެހީވެލަން” ރަޒިއްޔާ، ޝަބާއަށް ގޮވާލާފައި ބުންޏެވެ. ރަޒިއްޔާގެ އުކުޅު ނާއިލު އާއި ޝަބާ ދެނެގަތެވެ. އެހެންވީމާ ރަޒިއްޔާ ބުނަން އެއުޅޭ އެއްޗެއް ބުނަން އެނިންމީ އެދެމީހުންގެ ގާތުގާ ތާއެވެ.

“ކޮންކަމެއް ދައްތަ ބޭނުންވަނީ” ޝަބާ އައިސް ރަޒިއްޔާ ދެއްކި ފަރާތުގައި ފަތްޖެހި އެނދުގައި އިށީނދެ އަހާލިއެވެ.

“ތިދެކުދިން އެކުގައިވާން ދައްތަ ވަރަށް ބޭނުން، ޝަބާއަކީ ވަރަށް ރަނގަޅު ކުއްޖެއްކަމަށް ދައްތައަށް ފާހަގަ ކުރެވުނީ، އެހެންވެ އެނގޭ ނާއިލުއަށް ކޮންމެ ހާލެއްގަވެސް ޝަބާ އެހީވާނެކަން، އަސްލު ދައްތަ ބުނަން މިއުޅެނީ، އިތުރަށް ބޭސް ކުރެވޭކަށް ނެތޭ، ދައްތައަށް ކުރެވެން ހުރި ހުރިހާ ކަމެއް މިކޮށްދިނީ، ނާއިލު ގާތު ދައްތަ ބުނިންދޯ މިކަމުގައި އެންމެ ބޮޑު ހިތްވަރެއް ލާންވާނީ ނާއިލުކަމަށް، އެކަމަކު އެކަން މާބޮޑަކަށް ފާހަގަ ކުރެވިފައެއް ނެތް، ކުރަން ބުނި ކަސްރަތުތަކަށްވެސް ފަރުވާކުޑަކުރެވެމުން ތިދަނީ، މި ދަމާލާ ތެޔޮކޮޅުން ނާއިލަށް ކޮޅަކަށް އަދި ނުތެދުވެވޭނެ، ގިނަދުވަސްވީ ކަންތައްތައްވީމަ ދުވަސްވެސް ނަގާނެ، އެކަމަކު ދައްތައަށްވުރެ މިކަމާ ވެގެން ކުރެވޭނީ ޝަބާއަށްވީމަ، ދައްތަ ޝަބާއަށް އެކަން ދަސްކޮއްދިނީ، މިތާކައިރި ރަށްތަކުގަވެސް އުޅޭނެ ތެޔޮދަމަން ދަސްކޮއްދީފަ ތިބޭ ކުދިން، ދައްތަ މިއަދުން ފެށިގެން ނާއިލު މި ދޫކޮއްލީ… މިބުނީ ޝަބާއޭ ދެން ތެޔޮދަމާ ހަދާނީ، އިތުރަށް ދޭނެ ފަރުވާއެއްނެތީމަ އާއިއެކުވެސްމެ، އެންމެ ރަނގަޅު ނާއިލު ބޭނުމިއްޔާ މާލެ ފުރިޔަސް، ނޫނީ ދައްތަގެ މަސައްކަތާއިމެދު ހިތްހަމަ ނުޖެހޭނަމަ އެހެން ބޭސްވެރިއެއްގެ ގާތަށް ދިޔަޔަސް އެއްވެސް މައްސަލައެއްނެތް، ނާއިލު ބޭނުންގޮތެއް އޮތީ، މީ ދައްތަ އަންނާނެ އެންމެ ފަހުދުވަސް، މީގެ ހަފްތާއެއްފަހުން އެބައޮތް މިއަތޮޅުގެ އެހެން ރަށަކަށް ދާން ޖެހިފަވެސް، ދައްތަ ބުނާނީ އަދިވެސް ހިތްވަރު އެލުވާނުލާ މަސައްކަތް ކުރާށޭ، ﷲ ގެ އިރާދަފުޅާއިއެކު އަދި ތެދުވެވޭނެޔޭ، ފުރަތަމަ ދުވަހުވެސް ދައްތަ ބުނިންދޯ ޝިފާ ދެއްވާނީ އެފަރާތުންނޭ، ދައްތައަށްކޮއްދެވޭނީ މަސައްކަތޭ… ދައްތަ ހީކުރަން ޝަބާ، ނާއިލަށް ހިތްވަރުލާދޭނެކަމަށް” ރަޒިއްޔާގެ ވާހަކަ ހުއްޓާލިއެވެ. އިތުރަށް ދެން އޭނާ ބުނާނެ އެއްޗެއް ނޭނގުނީއެވެ.

“ހަމަ މިނިމުނީތަ” ޤަބޫލު ނުކުރެވިގެން އަހާލާ ފަދަ ގޮތަކަށް ނާއިލަށް އަހާލެވުނެވެ.

“އާން، މި ނިމުނީ، ނާއިލުގެ މައިންބަފައިން ގާތުވެސް ބުނިން” ރަޒިއްޔާވެސް އިނީ މާޔޫސްވެފައެވެ. އޭނާ ބޭސްކޮއްދީގެން ރަނގަޅުނުވި މީ ފުރަތަމަ ޒުވާނާއެވެ. އެހެންވެ ޚުދު އޭނާވެސް އިނީ ކަންބޮޑުވެފައެވެ.

ޝަބާއަށް ބަންޑުން އޮތް ނާއިލަށް ބަލަހައްޓައިގެން އިނދެވުނީއެވެ. ރަޒިއްޔާގެ ވާހަކަތަކުން ނާއިލަށް ކުރާނެ އަސަރާއިމެދު ޝަބާއަށް ވިސްނެން ފެށުނެވެ. ދެން އޭނާ ކަންތައްކުރަންވީ ކިހިނެއްބާއޭ އަމިއްލަ ޒަމީރާ ސުވާލުވެސް ކުރިއެވެ. ކޮންމެވެސް ވަރެއްގެ ހާސްކަމެއްވެރިވެފައި އިންއިރު ވިސްނިވަރަކަށް ނިތަށް ޖެހެމުންދިޔަ ރޫތައް ގިނަވިއެވެ.

ގޭތެރޭގައި ނީންނަވާ އަސްލަމް ނުކުންނެވީ މަގުމައްޗަށެވެ. ސިޓިން ރޫމުގައި ޢާއިލާގެ އެހެން މެންބަރުންނާއިއެކު އިން ސަމީރާގެ ލޮލުގައި ކުއްލިއަކަށް ބަދިގެއިން ފެންފުޅިއެއް ހިފައިގެން ސިޑިން މައްޗަށް ދިޔަ ނަވާލު އަޅައިގަތެވެ. އެހިނދު ސިކުނޑީގައި އުފެދިފައި ހުރި ސުވާލުތައް ހާމަކޮއްލުމަށް ރަނގަޅު ފުރުޞަތަކަށް އެވަގުތު ވެގެން ދިޔައެވެ.

“ނީލް، ފާހަގަ ކުރެވޭތަ ނަވާލުގެ އުޅުން ވަރަށް ބަދަލުވެއްޖެކަން” ސަމީރާއަށް ބުނެވުނެވެ.

“ލައްބަ، އަޅުގަނޑަށް ހީވަނީ މޯނާ ނެތީމަހެން އެހެން އެވަނީ” ނީލަށް ހަޤީޤަތް އެނގި ހުރެ އޮޅުވާލިއެވެ.

“އެދެކުދިން އުޅޭގޮތެއް ނޭނގޭނެ މީހަކަށް، އަހަރެން ހާދަ މަސައްކަތެއް ކުރީމޭ މޯނާ ގޮވައިގެން އަންނަން، ހަމަ ކުއްލިއަކަށް މަނާރު ގާތަށް ދާން ޖެހިއްޖެ، ދެން ނުކެރޭނެ އެންނު އެކަން މަނާ ކުރާކަށް، އެއީ ކޮއްކޮ ވިއްޔަ، އަނެއްކާ އެތަށް އަހަރެއް ފަހުން ދޯ އެދެމީހުން ބައްދަލު އެވަނީ، ނަވާލުވެސް އޭނައަށް ހުއްދަ ދީގެން ވިއްޔަ ދިޔައީ” ސަމީރާ ބުންޏެވެ.

“ސަމީރައްތާ، އަނެއްކާވެސް މާލެ ފުރަންވީ ދޯ، ނާއިލަށް މިރަށުންވެސް ވީކަމެއްނެއްދޯ” ޝަރުމީލާ ކުއްލިއަކަށް އިނދެފައި ބުނެލި ޖުމްލައިން ދެން ތިބި މީހުންގެ ސަމާލުކަން އޭނާއަށް ހުއްޓުނެވެ.

“އަދި ވަގުތު ނުޖެހެނީ، ﷲ އިރާދަފުޅާއެކު އަހަރެންގެ ނާއިލު އަދި ރަނގަޅުވާނެއޭ އަހަރެންގެ ހިތް ބުނޭ، އަދި މިހާރު ވަކިން ބޮޑަށް އެކަން ޔަގީންކުރެވެނީ ކީއްވެކަމެއް ނޭނގޭ” ސަމީރާ އަވަސް އަވަހަށް ބުނެލިއެވެ. ޝަރުމީލާއަށް ބުނެވުނީ މާރަނގަޅު އެއްޗެކޭ ނޫންކަން ވިސްނުނީ ދެނެވެ. އޭނާގެ ދޫހިމޭނުން ބޭއްވުން ބުއްދިވެރިކަމުގައި އޭނާ ދެކުނެވެ.

އިރު އޭގެ ވާޖިބު އަދާކުރުމަށްފަހު ކަނޑުގެ ސަތަހައިގެ ތެރެއަށް ވަދެ ފިލައިފިއެވެ. އަނދިރިކަމުގެ ތެރެއިން އުޑުމައްޗަށްވަނީ ފަނޑު އޮރެންޖުކުލައެއް ވެރިވެފައެވެ. އިރުއޮއްސި ހަތެއްޖަހާލަންވިރު ފާޅުވަމުން އައި ހަނދުވަނީ ބުރުހަމަވެ އާދައިގެ ފެންނަ ވަރަށްވުރެ ސައިޒުގެ ގޮތުން ބޮޑުވެފައެވެ. ހީވަނީ މާތިރީގައި ހަނދުވާހެނެވެ. ކަނޑުގެ ލޮނުގަނޑާއި ދެންމެ ދެންމެ ސަމާސާ ކޮއްލަފާނެހެން ހީވެއެވެ. ހިތްތަކަށް ތަފާތު އިޙްސާސެއް ވެރިކުރުވާ ފަދަ ގުދުރަތީ ހިތްގައިމު ކަމެކެވެ. އަތިރިމަތީގައި މަދުން ނަމަވެސް ހަނދުވަރުގެ ޗާލު އަލީގައި އުފާކުރަމުންދިޔަ ދެޖިންސުގެ ޒުވާނުން އުޅޭތަން ފެންނަމުންދިޔައެވެ. އަނެއްބަޔަކު ރަށުތެރެއަށް ހަލުވިކަމާއިއެކު އަރައިގެން އަންނަނީ ގޭދޮށަށް ދިއުމަށްޓަކައެވެ.

ބެލްކަނީގެ ފާރުބުރި މަތީ ފިނދުކިބަ ޖައްސާލައިގެން ނަވާލު އިންއިރު އޭނާގެ ބުރަކަށިވަނީ އަރިމަތީ ފާރުގައި ޖައްސާލެވިފައެވެ. ނަޒަރު ހުއްޓިފައިވަނީ މިރޭގެ ހިތްގައިމުކަން ފަތުރަމުންދިޔަ ބޮޑު ހަނދަށެވެ. ސިކުނޑީގައިވަނީ އޭނާގެ މުޅި ޚަޔާތުގައި ހިނގައިދިޔަ އެކި އެކި ކަންތައްތަކެވެ. ކުރިމަތިވި އެކި ހާލަތްތަކެވެ. އެފަދަ ވަގުތުތަކުގައި އޭނާ ނިންމާފައިވާ ނިންމުންތަކެވެ. ހަޔާތުގެ މިހިސާބަށް އާދެވުނު އިރު ނަވާލަށް ނިންމިފައި ހުރީ މާރަނގަޅު ނިންމުން ތަކެއް ނޫނެވެ. އެކަމާ މިއަދު އޭނާ ދެރަވަނީ ކީއްވެކަމެއް ނޭނގެއެވެ. އެހެންމީހުންގެ އިޙްސާސްތަކާއިމެދު އޭނާ ވިސްނުން ހުއްޓާލީ ކޮންއިރަކު ބާއޭ އަމިއްލަ ޒަމީރާ ސުވާލުކުރިއެވެ. ހަރުހިތެއް ލިބިފައިވާ އަނިޔާވެރިއަކަށް އޭނާ ވީ ކޮންދުވަހަކު ހެއްޔެވެ. އަމިއްލަ ލޭގެ ގުޅުން ކަނޑާލަން ބޭނުންވިއިރު މިއުޅެނީ އަމިއްލަ ހަށިގަނޑުގެ އެއްބައި ބުރިކޮއްލަންކަން އޭނާއަށް ނުވިސްނުނީ ކީއްވެހެއްޔެވެ. އެހާވެސް އޭނާ ހުރީ ޢާފިލުވެފަ ހެއްޔެވެ. އަމިއްލަ އެދުމާއިގެން މުޅި މީހާ ފޯވެފައެވެ. ނަވާލަށް އޭނާގެ ބޮލުގައި ދެއަތުން ހިފަހައްޓާލެވުނެވެ.

ރޭގަނޑުގެ ކެއުމުގައި އެންމެން ބައިވެރިވިއިރު ބަދިގެ ތެރޭގައި ލީލާއެކޭ އެއްފަދައިން ޝަބާވެސް ހަރަކާތްތެރިވެ އުޅޭތަން ސަމީރާއަށް ފެނުނެވެ. އެކަމާ އަސްލަމް މާގަޔާވެ ނުލެއްވިޔަސް އެއީ ސަމީރާ ހިތްހަމަޖެހޭ ފަދަ މަންޒަރަކަށްވެގެން ދިޔައެވެ. ގެވެހި އަންބެއްގެ ގައިގާ ހުންނަން ޖެހޭ ސިފަތަކުގެ ތެރޭގައި އެއީ ވެސް އެއްބައި ކަމުގައި ސަމީރާ ޤަބޫލުކުރެއެވެ.

“ދަރިފުޅު ނިންމާގޮތެއް ބައްޕަމެން ގާތު ބުނީމަ އެނގޭނީ ދެން ކުރިއަށް ދާންވީ ގޮތެއް، ކޮންމެހެން މިރޭ ޖަވާބެއް ބޭނުމެއްނޫން، ބައްޕަ ގަސްދުކުރަނީ އިތުރު ހަފްތާއެއް މިކޮޅުގައި ހޭދަކޮއްލަން ކަމަށް، އެކަމަކު ދަރިފުޅުގެ ނިންމުމާއި އެއްގޮތަށް ދަތުރު ދިގު ކުރާނީވެސް ނޫނީ ކުރުކޮއްލާނީވެސް، ބޭނުމިއްޔާ މާދަން ނޫން އަނެއްދުވަހު ފުރަންވީ މާލެ ދާން، ޖަމްޝީދުމެންނަށް ދޫކޮއްފައި އޮތް ލޯންޗު އޮތީ ހަމަ ތައްޔާރަށް” އަސްލަމް އިސްނަންގަވާ ނާއިލު އާއި ވާހަކަދެއްކެވިއެވެ. ބަފައެއްގެ ޒިންމާ އެންމެ ފުރިހަމަ ގޮތުގައި އަދާކުރެއްވުމުގެ ބޭނުމުގައެވެ.

ނާއިލު ފަނޑު ހިނިތުންވުމެއް ބައްޕައަށް ދިނުމަށްފަހު މީކާ ތައްޔާރު ކުރަމުންދިޔަ ރޮށިތައްޓަށް ބަލަހައްޓައިގެން ހުއްޓެވެ. ކާމޭޒު އެންމެނަށް ތިބެވޭ ވަރަށްވުރެ ކުޑަވީމަ ލީލާ އާއި ޝަބާ މަޑުކުރީ އެންމެން ކައިގެން ފޭބީމަ ކާށެވެ. ސަމީރާވެސް އެމީހުންނާ އަވަހަށް ބައިވެރިވެލިއެވެ. އެހެންނަމަވެސް އަސްލަމްގެ ގާތުން އޭނާ ދުރަކަށް ނުދިޔައެވެ.

އެހެންމީހުންނަށްވުރެ ކުރިން ނާއިލު ކައިނިންމާލައިފިއެވެ. ކޭލެއްމަދުވީމަ މީކާއަށްވެސް ސުވާލުކޮއްލެވުނެވެ. ނާއިލު ފަސޭހަކަމާއިއެކު ބަހަނާއެއް ހަދާލިއެވެ. އަދިވެސް އޭނާގެ ނުސީދާ ނަޒަރުތައް ނަވާލަށް ހުއްޓެއެވެ. ހިތުގައި ނަފުރަތުގެ ހުޅުރޯވެދާނެއޭ ހީވާ ކަހަލައެވެ. ކުރިން ހީނުކުރެވޭ ކިތަންމެ އެއްޗެއް ނާއިލުގެ ހިތަށް އަރަމުންދިޔައެވެ. އެކަން ކޮންޓްރޯލު ކުރުމަށް އޭނާ މަސައްކަތް ކުރިއެވެ. އެހެންނަމަވެސް އަމިއްލަ ހިތަށް ބާރެއް ނުފޯރުވުނެވެ. އެއަށްވުރެ ބޮޑަށް އޭނާވަނީ ނަވާލުދެކެ ހިތްހަމަ ނުޖެހިފައެވެ. އެއީ މިއަދު އުފެދިގެން އުޅޭ އިޙްސާސެއް ނޫނެވެ. މީހެއް ގާތު ނުބުނި ކަމުގައި ވިޔަސް އޭނާ ނަވާލު ކުއްވެރިކުރެއެވެ. މިއަދު އޭނާއަށް ޖެހިފައި އެއިން ހާލު ޖެއްސި މީހަކީ ނަވާލުކަން އޭނާ ހަނދާނެއް ނުނެތޭނެއެވެ. އެދުވަހުން ފެށިގެން ނާއިލުވަނީ އެއްބަނޑު އެއްބަފާކަމުގެ ގުޅުން ކަނޑާލާފައެވެ. ނަމަވެސް ޢާއިލާގެ އުފާވެރިކަން އޭނާއަށް ވަރަށް މުހިންމެވެ. ޚާއްޞަކޮށް މަންމަގެ ހިތްހަމަޖެހުމެވެ.

“މަންމަ ގޮވާލެއްވީމަ މިދަނީ” ފެންޖަގު ހިފައިގެން އައިސް ކޮޓަރީގައި ބަހައްޓާފައި އެނދުގައި އޮތް ނާއިލަށް ޝަބާ ބުނެލިއެވެ. އޭނާ އެއްވެސް އެއްޗެއް ނުބުނެ މައްޗަށް ބަލަހައްޓައިގެން އޮތެވެ. އިރުކޮޅަކު މަޑުކޮއްލާފަވެސް ނާއިލުގެ ފަރާތުން އެއްވެސް އިޝާރާތެއް ނުވުމުން ޝަބާ ހިނގައިގަތީ ސަމީރާ ބޭނުންވެގެން އުޅޭ ކަމެއް ކޮއްދިނުމަށެވެ.

“މަންމަ ބުނީ ނާއިލު ގޮވައިގެން ހެނދުނުން މޫދަށް ދާންވީނޫންހޭ، ރަޒިއްޔާ ކުރަން ބުނި ކަމެއްދޯ އެއީ” ސިޓިން ރޫމުގައި މަޑުކޮއްލައިގެން އިން ސަމީރާ ބުންޏެވެ.

“ނާއިލު ދާން ބޭނުންވާނަމަ އަޅުގަނޑު މިހިރީ ދާގޮތަށް، ރަޒިއްޔައްތަ ބުނެދިން ގޮތަށް އަޅުގަނޑު ކަންތައްކުރާނަން” ޝަބާ، ސަމީރާގެ ކުރިމައްޗަށް ވާގޮތަށް ހުއްޓި ހުރެ ބުނެލިއެވެ.

“ނޭނގެ ދޯ ދާނެކަމެއް، މިހާރު އެހުރީ އަދިވަކިން މޫޑު ގޯސްވެފަހެން ހީވޭ، ޝަބާ، ދަރިފުޅު ވިސްނާދެއްޗޭ ނާއިލަށް” ސަމީރާ ފުންނޭވާއެއް ބޭރުކޮއްލާފައި ބުނެލިއެވެ.

“ލައްބަ މަންމާ، އިތުރުކަމެއް އެބަ އޮތްތޯ، ނެތިއްޔާ އަޅުގަނޑު ދެން ދަނީ، ފަތިހު ހޭލަންވެސް ޖެހޭނެ” އެހާ ދަންވަންދެން ކޮޓަރިން ބޭރުގައި އުޅެން ޝަބާ ބޭނުންނުވާކަން ހާމަ ކުރުމުގެ ބަދަލުގައި އޭނާ އެކަން ފާޅުކުރީ ރީތިކޮށެވެ. ސަމީރާއަށް ކަމެއް ޝައްކުނުވާނޭހާ އޮމާންކަމާއިއެކުއެވެ.

“ދެން ދޭ ނިދަން، މަންމަވެސް މިދަނީ ކޮޓަރިއަށް، މި މަޑުކޮއްލަނީ ލީލާ ބަދިގެއިން ނުކުތީމަ އޭނާވެސް ގޮވައިގެން މައްޗަށް އަރަންވެގެން” ސަމީރާ ބުނެލިއެވެ.

އެއްދަން ހުސްވިއިރު އެހެން ރޭރެއާއި މިރޭ ތަފާތުވެގެން ހިގައްޖެއެވެ. ނާއިލު، ޝަބާ އާއި ވާހަކައެއް ނުދައްކައެވެ. އެއްވެސް ކަމަކަށް މިރޭ އޭނާ ނޭދެއެވެ. އެހެންވެ ޝަބާވެސް އެއްވެސް އެއްޗެއް ނުބުނެ އޭނާ އޮންނަ ފަރާތުގައި ނިދަން ތައްޔާރުވެގެން އޮތެވެ. ވިސްނަން އޮއްވާ މަޑުމަޑުން ޝަބާގެ ދެލޯ މެރެން ފަށައިފިއެވެ. އޭރުވެސް ނާއިލުގެ ލޮލުގައި ނިދީގެ އެއްވެސް އަސަރެއް ނުވެއެވެ. އޭނާ އޮތީ ހިތާ ހިތުން ޝަބާ އޭނާ އާއި ވާހަކަދެއްކުމަށް އެދި އެދިއެވެ. އޭނާގެ ހާލު ޝަބާ އަހާނެ އިރަކަށް އިންތިޒާރުކޮއްގެންނެވެ. ނާއިލު އޭނާގެ ހާލަތު ބަދަލުކުރަން އެންމެ ބޭނުންވި ވަގުތުވެސް އެލިބުނީ ނާއުންމީދުން ފުރިގެންވި ޖަވާބެކެވެ. އޭނާއަށް ޝިފާއެއް ނެތީބާއޭ ނާއިލުގެ ހިތަށް އަރަމުންދިޔައެވެ.

“އަހަރެން ރަނގަޅުވާން ބޭނުން، ކޮޅަށް ތެދުވެ ހިނގާ ދުވެ ހަދަން ބޭނުން، އެއްޗެހީގައި އަތްލާ ހިފާ ހަދަން ބޭނުން، އެކަމަކު ރަޒިއްޔާ އެބުނަނީ މިކަމަށް ފަރުވާއެއް ނެތޭ، ދެން އަހަރެން ހަދާނީ ކިހިނެއް، ރަނގަޅުވާން ކުރި މަސައްކަތް އެނގޭނީ އަހަންނަށް ދޯ، ހަރަކާތެއް ކޮއްލެވޭތޯ އަހަރެން ކިހާ ވަރަކަށް ބެލިން، ވަރުބަލިވުން ނޫންކަމެއް ނުވޭ، މިހާރު ދެން އަހަރެން ރަނގަޅުވާން ބޭނުންވީމަ، އަހަންނަށް ތެދުވެވެން ވެއްޖެއެންނު… ކީއްވެތަ މިހެންވާންވީ… އަހަރެންގެ ކުށަކީ ކޮބާ، އައި ޑޯންޓް ޑިޛާވްދިސް… މިހެންވީމަ އަހަރެންދެކެ ލޯބިވާނެ މީހަކު ނުވާނެ، އެކަމަކު އަހަރެން ބޭނުން އަހަރެން ދެކެ ލޯބިވާނެ މީހަކު، ވަރަށް ބޮޑަށް ލޯބިވާނެ މީހަކު، އެހެންމީހުންހެން ރަނގަޅު ދިރިއުޅުމެއްވެސް ބޭނުން، ޝަބާ… އަހަންނަށް އެހީވެދީބަލަ، އަހަރެން ހިނގަން ބޭނުމޭ، ޝަބާގެ ގައިގާ އަތްލަންވެސް ބޭނުން، އަހަރެންގެ އަތުގައި ޝަބާ ހިފާލާ ކޮންމެ ފަހަރަކު ތިދެއަތުގައި ހިފާލަން އަހަރެންވެސް ބޭނުން، ތި ރީތި މޫނުގައި ފިރުމާލަން މިހިތްއެދޭ… އަހަންނަކީ ނުކުޅެދޭ މީހަކަށް ވާކަށް ބޭނުމެއްނޫން، މީހުންގެ ހަމްދަރުދީން އަހަންނަށް ކުރާނެ ފައިދާއެއް ނެތް، އަހަރެން ބޭނުންވަނީ މިކަމަށް ޝިފާއެއް… އަވަސް ޝިފާއެއް…” ނާއިލުގެ ހިތުގެ އުދާސްތައް ބޭރުވުމެއްނެތް ގޮތެއްގައި ގިނަވަމުންދިޔައެވެ.

“އަހަރެންދެކެ ފޫހިވެއްޖެ ދޯ” ނާއިލު، ޖެހިގެން އޮތް ޝަބާއަށް ބަލާލަމުން ހިތާ ހިތާ ބުނެލިއެވެ.

“ތިހާ ރަނގަޅު ކުއްޖަކަށް އަނިޔާވެރި ވުމުގެ ސަޒާކަންނޭގެ އަހަންނަށް މި ލިބުނީ، ރަނގަޅުވާން އެންމެ ބެނުންވި ދުވަހު އަނެއްކާވެސް ނާންއުންމީދު މިވީ އެހެންވެ، ހަޔާތާމެދު ޝަކުވާ ކުރުން ނޫންގޮތެއް އަހަންނަށް ދެން ނެތް، މީ ދުވަހަކު އިންސާފު ލިބޭނޭ އަނިޔާއެއްނޫން، ތި ޖިސްމަށް އެއްވެސް ޤަދަރެއް ނުކުރިތަނުގައި، ލޭކޮށާލެވުނީ ތިމޭގާ ހިނގަމުން ދިޔަ ހިތުގެ، ޝަބާގެ ހިމޭންކަމުގެ ދުލުން އަހަންނާ ވާހަކަދެއްކި ކަމުގައި ވިޔަސް އަހަރެން ދިނީ ބީރު ކަންފަތެއް، ތިޔަ ހަށިގަނޑުން އަހަންނަށް އުފާދިން ކަމަކު އަހަންނަކީ އެކަނިވެރިއެއް، އެއީ ހަމައެކަނި އިޙްސާސް ކުރެވުނު ވަގުތީ އަރާމެއް، އެކަން އެނގޭތަ ޝަބާއަށް، އަހަރެންގެ ހިތްމިވަނީ ލޯތްބަކަށް ބޭނުންވެފަ، އެކަމަކު އަހަރެން މިވަނީ އެ އުފަލުން އަބަދަށް މަޚުރޫމުވެފަ، މި ހަޔާތަށް އެއްވެސް އުފަލެއްނެތް، ހެއްދެވި ފަރާތްމަތިންވެސް އަހަރެން ހަނދާން ނައްތާލީ، ވީއިރު އެފަރާތުން އެވަނީ އަހަރެންގެ މަތިން ހަނދުމަނެތިކޮއްލާފަ، ތާހިރު ދިރިއުޅުމަކާއިގެން އަލިމަގަށް އަހަންނަށް މަގުދެއްކީ ތިބާ، އެކަމަކު އަހަރެން ޝަބާއަށް އެކަމަށްވެސް ހުރަސްއެޅިން… ކީއްވެތަ އެއްވެސް އެއްޗެއް ނުބުނީ، އެއްވެސް ޝަކުވާއެއް ނުކުރީ ކީއްވެތަ، އަހަރެންގެ ހުރިހާ ކަމެއް ތަޙައްމަލު ކުރާކަށް ޝަބާއަކަށް މަޖުބޫރެއް ނޫނޭ، ދެން ކީއްވެތަ ތިހާ ކިޔަމަންތެރީ، ތީ އިންސާނެއްތަ؟” ނާއިލުގެ ނަޒަރު ޝަބާ އާއި ވަތްކެއްނުވިއެވެ. އޭރު އެދެލޯ ފެންކަޅިވެ ލޮލުގެ އެއްފަރާތުން ލާފައި ކަރުނަތައް ފައިބަން ފަށައިފިއެވެ. ކަރުނައިގެ އިޙްސާސް ކުރެވުމާއިއެކު މުޅި މީހާ ކުޑަކުއްޖެއްހާ ހިތްބަލިވެ ތުންފިއްތާލެވިއްޖެއެވެ. މަޑުމަޑުން ރޮވެމުން ގޮސް ނާއިލުގެ ތުންފަތުގެ ދޭތެރެއިން ރުއިމުގެ އަޑު ބޭރުވެއްޖެއެވެ.

ނިދިފައި އޮތް ޝަބާއަށް ދެބަދޭތެރެވެފައި އޮތްއިރު ވަރަށް ގާތުން މީހެއްގެ ރުއިމުގެ އަޑުއިވެމުންދިޔައެވެ. ނަމަވެސް ނިދީގެ ވަރުބަލި ކަމުގެ ތެރެއިން ލޯހުޅުވާލުން މަސައްކަތަކަށްވެފައި އޮވެވުނީއެވެ. އެހެންނަމަވެސް އެތަށް އިރެއްވީއިރުވެސް އެއަޑު ކެނޑޭކަށް ނޫޅުނެވެ. އަދި އެއީ ހީވާ ހީވުމެއް ނޫންކަމާއި އެއަޑު އަންނަނީ އޭނާ އާއި ދާދި ގާތުންކަން އެނގުމުން ކުއްލިއަކަށް ލޯހުޅުވާލުމާއިއެކު ނާއިލާއި ދިމާލަށް އެނބުރެވިއްޖެއެވެ. އޭރު ގިސްލަ ގިސްލާފައި ނާއިލު ރޮނީއެވެ. ބޮޑު ފިރިހެނަކު އެވަރަށް ރޯތަން ޝަބާ ދުވަހަކުވެސް ނުދެކެއެވެ. އެހެންވެ އެންމެ ފުރަތަމަ ހަނދަންވީ ގޮތެއް ނޭނގި ބަލަން އޮވެވުނީއެވެ. އެއީ ކަމުދާ ގޮތެއްނޫންކަން ސިކުނޑި ހަނާއަޅާލުމާއިއެކު ކުރުއަތްމައްޗަށް ތެދުވެ ނާއިލާއި ގާތްވެލާފައި ގޮވާލައިފިއެވެ.

“ކީއްވެ ތި ރޮނީ” ޝަބާއަށް އަހާލެވުނެވެ. ނާއިލު އެއްވެސް އެއްޗެއް ނުބުނެ މޫނު އަނެއްފަރާތަށް އަނބުރާލިއެވެ. އެހެންނަމަވެސް އޭނާއަކަށް ރުއިމެއް ކޮންޓްރޯލެއް ނުކުރެވުނެވެ.

“ނާއިލު… ކަމަކާ ދެރަވީތަ، ހުވަފެނެއް ފެނުނީތަ، ޕްލީޒް، ވީ ގޮތެއް ނިކަން ބުނެބަލަ” ޝަބާ ކަންބޮޑުވާ ގޮތްވެއްޖެއެވެ.

“ޝަބާ…” ނާއިލަށް، ޝަބާގެ ނަންވެސް ބުނެވުނީ ވަރަށް ހާލުންނެވެ. އަވަސް އަވަހަށް ޝަބާ ނާއިލު އާއި ގާތްވެލާފައި ކަނދުރާ ދަށަށް އަތްވައްދާލަމުން އޭނާ ހިއްލާލެވޭތޯ އުޅުނެވެ. ވަރަށް މަސައްކަތުން ނާއިލު ތެދުކުރެވުނެވެ. އެއާއިއެކު ނާއިލުގެ ގާއިގާ ބާރަށް ބައްދާލިއެވެ. އެހެން ޝަބާ ކަންތައްކުރީ އެއީ އޭނާއަށް ދެރަވެގެން ރޮވޭ ވަގުތުވެސް އެންމެ ބޭނުންވަނީ ކޮންމެވެސް މީހަކު އޭނާގެ ގައިގާ ބައްދާލާފައި ހުރިހާކަމެއްވެސް އިރާދަކުރެއްވިއްޔާ ރަނގަޅުވާނޭ ބުނަން ކަމަށްވާތީއެވެ. ޝަބާއަށް ނޭނގުނު ކަމުގައި ވިޔަސް ނާއިލުވެސް އޮތީ ޝަބާގެ ފަރާތުން އެފަދަ ހިތްވަރުގެ އިޝަރާތަކަށް ބޭނުންވެފައެވެ.

“ޝަބާ…” އަނެއްކާވެސް ނާއިލަށް ޝަބާގެ ނަމުން ގޮވާލެވުނެވެ.

“އިޓްސް އޯކޭ، އިރާދަކުރެއްވިއްޔާ ހުރިހާކަމެއްވެސް ރަނގަޅުވާނެ، އިރާދަކުރެއްވިއްޔާ ހުރިހާ ކަމެއްވެސް ރަނގަޅުވާނެ…” ޝަބާ، ނާއިލު ގާތު ނުރޯށޭ ބުނާކަށް ބޭނުމެއްނުވިއެވެ. ނާއިލުގެ ލޮލުން އެބޭރުވަނީ އެތަށް ދުވަހެއްވަންދެން އެލޮލުގައި ޖަމާވެ ހިފަހައްޓަމުން އައި ކަރުނަކަން އެނގޭތީވެ ކަންނޭގެއެވެ.

ކުރިއަށްވުރެވެސް ބޮޑަށް ޝަބާގެ ކަނދުރާގައި މޫނުޖައްސާލަމުން ނާއިލު ރޮމުންދިޔައެވެ. މަޑުމަޑުން ނާއިލުގެ ބޮލުގައި ޝަބާ ފިރުމަމުންދިޔައީ ވަރަށް ވިސްނައިގެން އިނދެއެވެ. ނާއިލު ގެންނަ ހަރަކާތަކުން އޭނާގެ އަތުން ނާއިލު ދޫވެގެން ވެއްޓިދާނެކަމުގެ ބިރުވެސް ޝަބާގެ ހިތުގައި އުފެދިފައި ވާތީއެވެ.

ދެމީހުންވެސް ބަހެއްނުބުނެ އެތަށްގަޑިއިރު ތަކެއް ވޭތުވެގެން ހިނގައްޖެއެވެ. ނާއިލުގެ ރުއިން ހުއްޓި އޭނާގެ ކަރުނުން ޝަބާގެ ހެނދުމުގެ ކޮނޑާދިމާލުން ބައެއްވަނީ ތެމިފައެވެ. އަދި ޝަބާގެ ކަރަށް ނާއިލުގެ ހޫނު ނޭވާތަށް އިޙްސާސް ކުރެވެމުންދިޔައިއެވެ.

“ނާއިލު…” ނާއިލު ރުއިން ހުއްޓާލިތާ އިރުކޮޅެއްފަހުން ޝަބާ އޭނާއަށް ގޮވާލިއެވެ.

“ހޫމް” ނާއިލު ކުރެހިފައިވާ އަޑަކުން ހޫންލައްވާލިއެވެ.

“ނާއިލު ރޯންޖެހޭވަރުގެ ކަމަކަށް ދީމާވީ ކޮންކަމެއްކަން އަހަންނަށް ބުނެދީފާނަންތަ، އަހަންނަށް ނާއިލު ދެރަވާވަރުގެ ކަމެއް ކުރެވުނީތަ” ޝަބާގެ އަޑުގައިވާ ކަންބޮޑުވުން ނާއިލަށް އިޙްސާސް ކުރެވުނެވެ.

“ހުރިހާ ކަމެއްވެސް ކުރެވުނީ އަހަންނަށް، ނޭނގެ ކީއްވެކަމެއް، ހިތަށްއަރާ އެދުވަހު ވެއްޓި މަރުވިނަމަ ކިހާ ރަނގަޅުވާނެހޭ، އެކަމަކު އަނެއްބައި ފަހަރު ހިތަށް އަރަނީ، އޭރުން ޝަބާއަކާ ދިމައެއްނުވާނޭއޭ… ޝަބާ، އަހަންނަކީ އަނިޔާވެރި އެހާ ރަޙުމު ކުޑަމީހެއްނޫން، މިއަދު އަހަރެން ލަދުގަނޭ، އެކަންކަމާ ދެރަވަނީ އެހެންވީމަކަން ޔަގީން، އަހަންނަށް… އަހަންނަށް މާފު ކުރާނަންތަ” ނާއިލު މަޑުމަޑުން ވާހަކަދެއްކިއެވެ.

“ޝައްކަކީ މީހާގެ ޢަޤީދާ ބަލިކަށިކޮއްލާ ނުބައި ބައްޔެއް، އެބަލި އިންސާނާގެ ހުރިހާ ޚިއްސަކަށް އޮޅުވާލާނެ، ބައެއްފަހަރު ލޮލަށް ފެންނަ ފެނުންތަކަކީ ހަޤީޤަތަށްނުވެ، ހަމައެގޮތަށް އިވޭ އަޑުތަކަކީވެސް މާއިތުބާރު ހިފޭ އަޑުތަކަކަށް ނޫނީ ތެދު ވާހަކަތަކަކަށް ނުވެދާނެ، ﷲ ކޮންމެ ކަމަކަށްވެސް ވަގުތު ކަނޑައަޅުއްވާފައިވޭ، އަހަރެން އިންތިޒާރު ކުރަމުންދިޔައީ ނާއީލަށް ހެޔޮވިސްނުން ލިބުމަށް، ގިނަ ގިނައިން ތަޢުބާވާ ކޮންމެ އިންސާނަކު ދެކެ ﷲ ލޯބިވެވޮޑިގެންވޭ، އެމީހުންގެ ކުއްފާފަތަށް އަފޫކުރައްވާ، އަހަންނަކީ ނިކަމެތި އިންސާނަކީމު، އަހަރެންގެ ފިރިމީހާގެ ގޮތުގައި ނާއިލު ހިޔާރުކޮއްދެއްވީ އެކަލާނގެ، ވީއިރު އަހަރެން ޝަކުވާ ކުރާނީ ކޮންކަމަކާ، އަހަރެންގެ ގާތުން ނާއިލު މާފަށް ތިއެދެނީ ހިތުގެ އަޑިންކަން އަހަންނަށް ޔަގީންވޭ، އަހަރެން ނާއިލަށް މާފުކުރާނަން، ނޭނގުމުގެތެރޭ އަހަރުމެން އިންސާނުންނަށް އެތަށްބައިވަރު ކުއްތަކަށް އަރައިގަނެވޭ، އެކަމަކު އެކަން އެނގުނުހާ އަވަހަކަށް މާފުބޭނުންވެ ހެޔޮގޮތް ޚިޔާރު ކުރުމަކީ ހެޔޮލަފާ މީހެއްގެ ފަރާތުން ފެންނާނެ ޢަމަލުތައް، މިހިސާބުން ކުރިއަށް ފިޔަވަޅު އަޅާނީ ކިހިނެއްކަން ނިންމާނީ ނާއިލު އަމިއްލައަށް، ހަނދާންކުރާތި މަރުވުމަކީ އަދި އެންމެ ރަނގަޅު ގޮތްކަމުގައި ނުވެދާނެ، ދުނިޔޭގައި ހުރުމަށް އިތުރު ފުރުޞަތެއް ލިބުނީތީ އެކަމާ ޝުކުރުވެރިވާ މީހަކު ކަމުގައި ނާއިލު ވާންވީ، ހެޔޮކަންތައްތައް ކުރުމަށް މިލިބުނީ ވަރަށް ރަނގަޅު ފުރުޞަތެއްކަން ދަނެގެން، ވަގުތުގެ ބޭނުން ހެޔޮގޮތުގައި ހިފާ” ޝަބާގެ ގައިގާ ލައްވެފައިވާ ނާއިލުގެ މޫނަށް ބަލާލަމުން ޝަބާ ބުންޏެވެ.

“އަހަރެން ބޭނުންވަނީ މާލެ ދާން، ޝަބާ އާއިއެކު މިދިރިއުޅުމަށް އިތުރު ފުރުޞަތުތަކެއްދޭން، ޝަބާ، އަހަރެން ބޭނުމެއްނޫން ޝަބާ ވަރިކުރާކަށް، ޝަބާގެ ޚިޔާލު ހުރިގޮތެއް އަހަންނަށް ކިޔާދީބަލަ، އެއްވެސް ކަމެއް ސިއްރު ކުރުމެއްނެތި” ނާއިލު އިސްއުފުލާލުމާއިއެކު އޭނާގެ ހަށިގަނޑު ޝަބާގެ އަތަށް ހިފަހައްޓާލެވޭ ވަރަށް ވުރެ ބަރުވިއެވެ. އެހެންވެ މަޑުމަޑުން އެނދުގައި ނާއިލު ބާއްވާލިއެވެ. އަދި ނާއިލާއި ކުރިމަތިލައިގެން އިނދެ ވާހަކަދައްކަން ފެށިއެވެ.

“އަހަރެންގެ މަންމަގެ ޙިޔާލުގައިވަނީ ކީކޭކަމެއް އަހަންނަކަށް ނޭނގޭ، ނާއިލު އަހަރެން ވަރިކޮއްފިނަމަ އަހަންނަށް އެއްވެސް ޔަގީންކަމެއްނެތް އަހަރެންގެ އަމިއްލަ ގެއަށް ވަދެވޭނެކަމުގެ، މިހެންބުނީމަ ނާއިލަށް ހީވެދާނެ އަހަރެން ދާނެތަނެއް ނެތީމައޭ ނާއިލާއިއެކު ދިރިއުޅެން މަސައްކަތް ކުރަނީ، އެކަމަކު އެއީ ތެދެއްނޫން، އަހަރެންގެ އަމިއްލަ ފިރިމީހާ އަހަރެން ދޫކޮއްލާފަ ދިޔައީ ކައިވެންޏަށް ހަތްއަހަރުވީ ފަހުން، އަހަރެންގެ ކުށަކީ ކޮބާކަމެއް އަހަންނަކަށްވެސް ނޭނގޭ، އޭނާގެ އެދުމުގެ މަތިން، އޭނާ އުފާކޮއްދިނުމަށް އަހަރެންގެ ހުރިހާ ވަގުތެއް ހޭދަކުރިން، އެކަމަކު އެލޯތްބަށް އޭނާ ޤަދަރެއްނުކުރި، މިއަދު އަހަރެން ބޭނުންވަނީ އެހުރިހާ ކަމެއް ލިޔެވިފައިވާ ފޮތް އަބަދުގެ އަބަދަށް ލައްޕާލުމަށްފަހު މުޅިން އާ ފޮތެއްގެ އާސޮފުހާއަކުން ފަށަން، ނާއިލު އާއި އަހަރެންގެ ކައިވެނި ކުރެވިފައިމިވަނީ ކޮންމެ ގޮތަކަށްނަމަވެސް، މިއީ ހަލާލު ކައިވެންޏެއް، އަހަރުމެން މިވަނީ މުޅި ދުނިޔެއަށް ދެމަފިރިންކަމުގައިވެފަ، އަހަރެން ޤަބޫލު ކުރަނީ މީ އަހަންނަށް މިންވަރު ކުރެއްވިގޮތް ކަމަށް، އެކަމާ ޝަކުވާކުރުމުގެ ބަދަލުގައި އަހަރެން ދެކުނީ މީ އަހަންނަށްވެސް ލިބުނު ދެވަނަ ފުރުޞަތެއްކަމުގައި، ދެވަނަ ފަހަރަށް މީހެއްގެ އަންބެއްގެ މަޤާމުގައި އިނުމަށް ލިބުމުން، އަހަންނަކީ ފިރިމީހާއަށް ކިޔަމަންތެރިވާ އުފްވެސް އޭނާއަށް ނުބުނާނެ އަންބަކަށްވާން އަހަރެން ބޭނުންވީ، ކިހިނެއް އެނގެނީ އަހަރެންގެ ފުރަތަމަ ކައިވެނީގައި އަހަންނަށް ކުރެވުނީ ކިހާ ވަރެއްގެ ކުށެއްކަމެއް، އެހެންވެ މިކައިވެނި މީ އަހަންނަށް ކުރިމަތި ކުރުވި އިމްތިހާނެއްކަމުގައި ދެކިގެން ކުރިއަށް މިދަނީ، ދެރަވާކޮންމެ ފަހަރަކު ހިނިތުންވެލިނަމަވެސް ދެލޮލުގައި ޖަމާވާކަރުނައަކީ އަހަރެންގެ ބާރުގެ ދަށަށް ގެނެވޭ އެއްޗެއް ނޫން، އެހެންވިޔަސް…. އަދިވެސް އަހަރެން މިހިރީ ނާއިލުގެ އަންބެއްގެ ގޮތުގައި ކުރިއަށްދާން” ޝަބާ ހުރިހާ ވާހަކައެއް ދެއްކި އިރުވެސް ލޯބިގުޅުވީ ރާއިދު އާއިއެވެ. ފުންނަޒަރަކުން ޝަބާއަށް ބަލަހައްޓައިގެން އޮތް ނާއިލަށް އެކަން ފާހަގަވެ ހިތުގައި މަޑު ރިހުމެއް އުފެދުނެވެ.

“ޝަބާ އަދިވެސް ލޯބިވަނީ އޭނާގެ އަލަތު ފިރިމީހާދެކެ… އޭނާ އެކޭ އަހަންނެކޭ މާބޮޑު ތަފާތެއްނެތް، އެކަމަކު…” ނާއިލުގެ ހިތަށްއެރިއެވެ.

“ޝަބާ، ދެން އަހަންނަށް ދުވަހަކުވެސް ކަމެއް ސިއްރުނުކުރައްޗޭ، އަހަރެންވެސް ޝަބާއަށް ކަމެއް ސިއްރެއް ނުކުރާނަން، ޝަބާއަށް އެނގޭތަ، އަހަންނަށް މިހެންވުމުގެ ކުރިން، އަހަރެންގެ ހަޔާތަށްވެސް އަންހެން ކުއްޖަކު އައި، ކިޔަނީ މަނާރު…” ނާއިލު، ޝަބާއަށް ހުރިހާ ވާހަކައެއް ކިޔައިދިނެވެ. ފުރަތަމަ މަނާރު ފެނުނު ދުވަހުން ފެށިގެން އޭނާގެ އެކްސިޑެންޓް ހިނގި ދުވަހުގެ ވާހަކައެވެ. އަދި މިރެ އާއި ހަމައަށް އައިއިރު އޭނާގެ ހިތުގައި އުފެދިފައިވާ އެކިއެކި އުދާސްތައް ބޭރުކުރިއެވެ. އެހުރިހާ ވާހަކައެއް ކިޔާދިންއިރުވެސް ނާއިލު، ޝަބާ ގާތު މަނާރަކީ މޯނާގެ ކޮއްކޮ ކަމުގައި ނުބުނެއެވެ. އެހެންވެ ޝަބާއަށް ހީވެފައި އޮތީ މަނާރަކީ މޯނާމެންގޭގައި އުޅުނު ކުއްޖެއްކަމުގައެވެ. އަދި އެއީ މޯނާގެ އެންމެ ގާތް ރަޙުމަތްތެރިޔާވެސް މެއެވެ.

“އަހަރެން ނަވާލަށް އިތުބާރެއް ނުކުރަން، ދުވަހަކުވެސް ނުކުރެވޭނެ، އެހެންވެ ޝަބާ ގާތު ބުނީ، އެހުރިހާ ކަމެއް ކިޔައިދިންނަމަ އަހަރެން ޝަބާއަށް އިތުބާރު ކުރީމުހޭ، އެކަމަކު ނުވިސްނެނީ އޭނާ އެގޮތަށް އަހަންނާއިމެދު ކަންތައް ކުރަންޖެހުނު ސަބަބު، ހިތަށް އަރާ އަނެއްކާ ނަވާލު މަނާރުދެކެ ލޯބިވަނީ ބާއޭ” ނާއިލު ވިސްނާލާފައި ބުނެލިއެވެ.

“އެކަމާ ނަވާލާއި ވާހަކަދައްކަންވީނު” ޝަބާގެ ވިސްނުމަށް އައިގޮތަށް ދުލުން ހާމަކޮއްލިއެވެ.

“އަހަރެން ބޭނުމެއްނޫން އޭނާ އާއި އެވާހަކަ ދައްކާކަށް، އަހަރެންވެސް ބޭނުންވަނީ އެހުރިހާ ކަމެއް ހަނދާންނައްތާލަން، ޝަބާ އަހަންނަށް އެހީވެދޭނަންތަ، އަހަރެން މިހާލުގައި އޮންނާނީ ކިހާ ދުވަހަކުކަމެއްވެސް ނޭނގެ، ޝަބާއަށް ކެތްވާނެތަ ކޮންމެ ދުވަހަކު އަހަަރެން ކަހަލަ ހަރަކާތްކެނޑިފައި އޮންނަ މަސްގަނޑަކާ ކުރިމަތިލާން…” ނާއިލު ވަރަށް ދެރަވެފައި އަހާލިއެވެ.

“ނާއިލު، ތިކަހަލަ އެއްޗެހި ބުނާކަށް ނުވާނެ، އަހަރެން މިހާދުވަހުވެސް މިއުޅުނީނު، ނާއިލަށް ތިހެންވެފަ އޮތުމަކުން އަހަންނަށް އެތަން ބަލަން ނުކެރިގެންނެއް ނޫޅޭނަން، ކޮންމެ ގޮތަކަށް ކަންތައްވިޔަސް އަދި ހަމަ ރަނގަޅުވެސް ވެދާނެއެންނު، އަހަރެން ދުޢާކުރަން ނާއިލަށް ޝިފާއެއް ދެއްވުމަށްއެދި، އެނގޭ ކޮންމެވެސް ދުވަހަކުން އަހަރެންގެ ދުޢާ އިޖާބަކުރައްވަންވީ ވަގުތު ޖެހޭނެކަން، އަބަދުވެސް އެފަރާތާމެދު ބާއްވަން ޖެހޭ އިތުބާރު އޮންނަންވާނެ، ނާއިލަށް އަހަންނާއިއެކު އުޅެވޭނެތަ، މިބުނީ އަހަންނާއިއެކު އުޅޭނަމަ އަހަރެން ނާއިލުގެ ގާތުން ނަމާދަށް އެރުމަށް އެދޭނަން، ތިހާލުގަވެސް ނަމާދުކުރެވޭނެ، އަދި އެނޫންވެސް ކަންކަމުގައި އަހަންނަށް ބުނެވޭނެ، އެކަންތައްތަކަށް ނާއިލަށް ކެތްވާނެތަ…” ޝަބާ ބުންޏެވެ.

“އަހަންނަށް މާފުކުރޭ އެކަންތައްތަކަށް ޝަބާއަށް ހުރަސް އެޅުނީތީ، އެއީ ކިހާވަރެއްގެ ކަމެއްކަން އަހަންނަށް މިއަދު އިޙްސާސް ކުރެވޭ، އަހަރެން މިރަށުގައި ކުރިހާ ހިތްވަރެއް އަދި ދުވަހަކުވެސް ނުކުރަން، އެކަމަކު އަހަންނަށް ހައްލެއް ނުލިބުނު، ކުރެވޭނެ އިތުރު ބޭސްތަކެއްވެސް ނެތް، ޚުދު އަމިއްލައަށް ހަނދާންނައްތާލީ، ހުރިހާ ބައްޔަކަށް ޝިފާދެއްވަނީ ﷲ ކަން، އަހަރެން ބޭނުން ޝަބާ އުޅޭހެން އުޅެން، އަހަންނަށް ދަސްކޮއްދޭނަންތަ” ނާއިލު އެހީއަކަށް އެދި ޝަބާއަށް އަތްދަމާލި ފަދައެވެ.

“ހޫމް…” ހިތްހަމަޖެހިފައި އިނދެ ޝަބާއަށް އަވަސް އަވަހަށް ބޯޖަހާލެވުނެވެ.

“ހެނދުނުން ބައްޕަ ގާތު ބުނާނަން އެންމެ އަވަހަށް މާލެ ދެވެން އޮތް ގޮތަކަށް މާލެ ދާންވީއޭ، ޝަބާ، އަދި އެއްވާހަކަ، އަހަރެން މަންމަ ގާތު ނަވާލުގެ ވާހަކަ ދައްކަން ބޭނުން، އެކަމަކު ޝަބާގެ ހުއްދައެއްނެތި އެކަން ކުރާކަށް ބޭނުމެއްނޫން…” ނާއިލުގެ ވާހަކަ ނުނިމެނިސް ހާސްވެފައި އިނދެ ޝަބާ ވާހަކަދައްކަން ފެށިއެވެ.

“ނޫން ނޫން، އެހެން ހަދާނެކަމެއްނެތް، އަބަދުވެސް ވިސްނަންވާނެ ސުލްޙަވެރިކަމަށް، މަންމަވެސް ބައްޕަވެސް ކިހާ ދެރަވާނެ އެވާހަކަ އަޑުއިވިއްޖެއްޔާ، އެމީހަކު ކުރާ ކަމެއްގެ ނުބައިކަން އެމީހަކަށް، އެކަމުގެ ސަބަބުން މައިބަފައިންގެ އުފާތަށް ނަގާލުމަށް އަހަރުމެންނަށް އޮތީ ކޮން ޙައްްޤެއް، ކޮންމެ މީހަކުވެސް ރަނގަޅު ގޮތާއި ނުބައި ގޮތް ޚިޔާރު ކުރަނީ މީހާ ބޮޑުވެ ތަސަރަފު ފުދޭފަހުން، ވިސްނޭފަހުން ކުރާ ނުބައި ޢަމަލުތަކަކީ، މައިންބަފައިންނަށް އެކަމުގެ ނޭދެވޭ އަސަރު ފޯރައިގެންވާނެކަމެއްނޫން، މަންމައަށް އޭނާގެ ކުދިން ތަރުބިއްޔަތު ކުރެވުމުގައި ބައެއް އުނިވިކަމުގެ އިޙްސާސް ކޮއްދިނުން ކަހަލަ ކަމަކަށް މިކަން ވެގެން ހިނގައިދާނެ، މިކަން ޙައްލުކުރާނީ އަހަރުމެންގެ މެދުގައި، ނަވާލު އަހަރެންގެ ގާތުން މާފަށް އެދެން އައިސްފިނަމަ މާފުކުރާނަން، އެކަމަކު އެއީ ހެޔޮ ސާފު ހިތަކާއިގެން އަތުވެއްޖެނަމަ، އޭނާގެ ޢަމަލުތައްވެސް ރަނގަޅުވެއްޖެނަމަ، ހަމައެގޮތަށް ނާއިލުގެ ގާތަށް އޭނާ އަތުވެއްޖެނަމަ އަހަރެން ބޭނުންވަނީ ނާއިލުވެސް އޭނާއަށް މާފުކުރަން، އެކަމަކު ކަންތައްކުރާނެ ގޮތެއް އެނގޭނީ ނާއިލަށް، މާފުނުދީ އަމިއްލަ ހިތަށް ބަރުކުރުމުގެ އެއްވެސް މާނައެއްނެތް، ޔަގީނުންވެސް އެމީހެއް ކުރި ކުށުގެ ސަޒާ ލިބޭނެކަން އަހަރުމެންނަށް ޔަގީންވޭ، ވީއިރު މި ވަގުތީ ތަނުގައި އެފަދަ މީހުންނާ ދޭތެރޭ ހިތުގައި ރުޅިވެރިކަން ބާއްވައިގެން އުޅުމަކީ އަހަރުމެންގެ ހިތްތައްވެސް ކަޅުވެގެން ހިނގައިދާނޭކަމެއް، ނާއިލު…. ޕްރޮމިސްކުރޭ، މަންމަ ގާތު އެއްވެސް ވާހަކައެއް ނުދައްކާނަން ކަމުގަ” ޝަބާ ކުއްލިއަކަށް ނާއިލުގެ އަތްތިލާގައި ދެއަތުން ހިފާ ބާރުކޮއްލިއެވެ.

“އެކަމަކު އޭރުން އިންސާފު ލިބުނީކީއެއް ނޫނެންނު” ނާއިލު ދެބުމަ ހިއްލާލަމުން ބުނެލިއެވެ.

“އަހަރުމެންގެ އަތްމަތީގައި އޮތްކަމެއް ނޫނޭ އެއީ، މައިންބަފައިންގެ ހަމަޖެހުމާއިއެކު އުފާވެރި ސުލްޙަވެރި މާޙައުލެއް ބިނާކުރުން މާ ރަނގަޅެންނު، އެހެންނޫނީ މުޅި ޢާއިލާ ވިއްސިވިހާލިވެދާނެ، ނޫނީ ދުވަހަކުވެސް ޙައްލު ނުކުރެވޭނޭ ފަދަ ބޮޑު މައްސަލަގަނޑެއް އުފެދި އެންމެންގެ ދިރިއުޅުމަށް އެކަމުގެ ހިޔަނި އެޅިދާނެ، ނާއިލު ވިސްނާލަބަލަ، ހެޔޮވިސްނޭ މީހަކު ކަންތައްކުރާނީ ކިހިނެއްކަމާމެދު އަދި އެއްފަހަރު ވިސްނާލާފަ ބުނެބަލަ، އިންސާފު ހޯދުންތަ މުހިންމީ” ޝަބާ އާދޭހުގެ ގޮތަކަށް ނާއިލުގެ އަތަށް ބާރުކޮއްލަމުން މަޢުނަވީ ބަލާލުމަކުން ބަލަހައްޓައިގެން އިނެވެ.

“މައްސަލައެއްނެތް، ޝަބާ ތިދައްކަނީ ރަނގަޅުވާހަކައެއްކަން އަހަރެން ޤަބޫލުކުރަން، މަންމަ ދެރަވާނެވަރު އަހަންނަށްވެސް އަންދާޒާނުކުރެވޭނެ، އެކަމަކު ނަވާލުގެ ޢަމަލުތައް އެހެން ބަހައްޓާކަމަށް ވާނަމަ އަހަންނަށް މާގިނަ ދުވަހަކު ކެތެއްނުކުރެވޭނެ، އޭނާ ބޭނުންހާ ގޮތަކަށް ޝަބާއަކަށް ކަންތަކެއް ނުކުރެވޭނެ” ނާއިލުގެ އަޑުގައި ހުރި ހަރުކަށިކަމަށްވުރެ ޝަބާއަށް އޭނާގެ ޖުމްލަތަކުން ނަގައިގަނެވުނީ މުޅިން ތަފާތު މާނައެކެވެ. ނާއިލު، ޝަބާ އާއިމެދު ވިސްނާވަރެކެވެ. އޭނާއަށް ޝަބާ ޚާއްޞަވެފައިވާ މިންވަރެވެ. ބުނެދޭންނޭނގޭ ފިނިކަމެއް ޝަބާގެ ހިތަށް އިޙްސާސް ކުރެވުނު ހިނދު ފަނޑުފަނޑު ހިނިތުންވުމެއް އެރީތި ތުންފަތުގައި ދުވެލައިފިއެވެ. މަޑުމަޑުން ޝަބާއަށް ނާއިލުގެ އަތުން ދޫކޮއްލެވުމާއިއެކު އަމިއްލަ ދެއަތް ގެނެސް ޖޯޑުކޮއްލަމުން އުނގުގައި ބާއްވާލައިފިއެވެ.

މިރޭ އެދެމެދުގައި ދެކެވުނު ގޮތަށް އެހާ ހާމަކަން ބޮޑުގޮތަކަށް ވާހަކަދެއްކިދާނެއެކޭ ނާއިލުވެސް ޝަބާވެސް ހީއެއްނުކުރެއެވެ. އެހެންނަމަވެސް އެގޮތަށް އެކަންވީތީ އެދެހިތަށްވަނީ ބަޔާންކުރަން ދަތި ހިތްހަމަޖެހުމެއް ލިބިފައެވެ. ބޮލުގައިވާ ބަރު ހިލައެއް ނަގާ އެއްލާލި ކަހަލައެވެ. ދެމެދުގައިވި ބޯފާރުން ދެހިތަށް ފޯރުކޮއްދެމުންދިޔަ ފަނޑުފަނޑު އަލި މިއަދުއެވަނީ އެފާރު ފުނޑު ފުނޑުކޮއްލާފައެވެ. އެކަކު އަނެކަކަށް ދެމީހުންވެސް ތިބީ ބޭނުންވެފައިކަން މިރޭ އެނގިއްޖެއެވެ. އަދި ދެމީހުންވެސް ތިބީ އެކަކު އަނެކަކަށް އެހީތެރިވުމަށް ތައްޔާރަށެވެ. ދެމީހުންވެސް ބޭނުންވަނީ މާޒީ ހަނދާންނައްތާލާފައި ދިރިއުޅުމާއިގެން ކުރިއަށްދާށެވެ.

“ވަރަށް ލަސްވެއްޖެ، ދެން ނިދަން ހިނގާ، ބުނަން، ޝަބާ ކުރިން އުޅުނު ހެން އަހަންނާއިއެކު އުޅޭކަށް ނުޖެހޭނެ، އަހަންނަކީ ގަދަބާރުން ކަންތައްކުރާހިތްވާ މީހެއްނޫން، ދެން އަދި ބުނަންތަ، އަހަރެން ކަމަކަށް އެދެފިއްޔާ އެކަން ކޮއްދޭނަންތަ” ނާއިލު އަހާލިއެވެ.

“އަހަންނަށް ކުރެވޭވަރުގެ ކަމެއްވިއްޔާ ކޮންމެ ކަމެއްވެސް ކޮށްދޭނަން” ޝަބާ ބުނެލިއެވެ.

“އަނބިމީހާއަށްވުރެ އަހަންނަށް މިވަގުތު ގާތް ރަޙުމަތްތެރިއަކު ބޭނުން، އެހެންވީމަ އެހާ ފޯމަލް ވެގެން ނޫޅެއްޗޭ، އަހަރެން ބުނާ ހުރިހާކަމެއް ޝަބާ ނުޖެހޭނެ ޤަބޫލުކުރާކަށް، ކުރިންވެސް ބުނި ހަނދާނެއްވޭ، ތީ އަހަރެންގެ ނޯކަރެއްނޫނޭ، ބައެއްފަަހަރު އަހަންނާ ދެކޮޅުވެސް ހަދަންވާނެ އެންނު، ދެން އެކަމަކު ރައްޓެއްސަކަށް ވިޔަސް ޝަބާ ވާނީ އަހަރެންގެ އަނބިމީހާއަށްވެސްމެ، އެހެންވެ ނިދާގަޑީގަ ކުރިން އުޅޭހެން ބުރުގައި އަޅައިގެން ނޯންނައްޗޭ، އަރާމުކޮށް ނިދަން ޝަބާއަށްވެސް ފުރުޞަތު އެބައޮތް… އަހަރެން ބުނަން މިއުޅެނީ ކީކޭކަން އެނގެންނު ދޯ” ނާއިލު ހިނިތުންވެލިއެވެ. އެހިނިތުންވުން ޝަބާގެ މޫނުމަތި އުޖާލާ ކުރުވިއެވެ. ލަދުވެތި ގޮތަކަށް ޝަބާ ބޯޖަހާލީ ނާއިލުގެ އެދުމާއި އޭނާ އެއްބަސް ވެއްޖައީމޭ ބުނުމަށެވެ.

ފަތިސްނަމާދު ކުރާ ގަޑިއަށް އާދައިގެ މަތިން ޝަބާއަށް ހޭލެވުނެވެ. ފެންވަރާލާ ރީތިވެލައިގެން ފާޚާނާއިން ނުކުން ޝަބާ، އެހެންދުވަސް ދުވަހާއި ޚިލާފަށް އަވަސްވެގަތީ އޭނާގެ ފޯނުން މީކާއަށް ގުޅުމަށެވެ. މޫނުމަތީގައި އެހެންޏާ ނުވާ ހިތްހަމަޖެހުމުގެ ކުލަވަރާއި ފަނޑުވުމެއްނެއްފަދަ ހިނިތުންވުމެއް ފެންނަން ހުއްޓެވެ. މީކާ ތެދުވެއްޖެކަން އެނގުމުން ފޯނު ބާއްވާލާފައި ނާއިލުގެ މަގަތަށް އައިސް މަޑުމަޑުން ނާއިލުގެ ކޮނޑުގައި ޖަހާލާފައި އޭނާއަށް ގޮވާލިއެވެ.

(ނުނިމޭ)

Leave a Comment

Your email address will not be published. Required fields are marked *