THEE QADAR DHEVE INSAANAKEE [PART 10]

ސަމީރާއަށް ނަވާލު ފެންނަ ކޮންމެ ފަހަރަކު އޭނާގެ ހިތަށް އެތަށް އެއްޗެއް އަރާ ފައިބައިގެން ދެއެވެ. އެއްޗެއް ނުބުނެ ދޫހިމޭންކޮއްލެވެނީ ލައްކަ މަސައްކަތުންނެވެ. ދަރިފުޅުގެ ކައިވެނީގެ ޚަބަރާއި އެކު އޭނާއަށް ލިބިފައިވާ އުފަލެއްގެ ބޮޑުކަމުން އަބަދުމެހެން ހުރެވެނީ ހިނިތުންވެލައިގެންނެވެ. ނަވާލުގެ ގާތުގައި އެއްވެސް ކަމެއް ނޭނގޭކަމަށް ހަދައިގެން އުޅުނަސް، އަމިއްލަ ފިރިމީހާގެ ކުރިމަތީގައި އެހެން އުޅެން ސަމީރާއަށް އުނދަގޫވިއެވެ. އެގޮތުން އެއްރެއެއްގެ ނިދުމަށް ދެމަފިރިން އެނދުގައި ތިބި ވަގުތެކެވެ. އަސްލަމް އެކިއެކި ސުވާލު ކުރައްވަން ފެއްޓެވިއެވެ. ސަމީރާގެ މޫނުމަތިން ފެންނަ އުފާވެރި ހިނިތުންވުމާ ކޮންމެވެސް ކަމަކާ ގުޅިފައިވާކަން އޭނާއަށް ޔަގީން ކުރެވުނު ކަހަލައެވެ. ލޯބިން އަސްލަމް ފިރުމާލެއްވުމާއިއެކު ސަމީރާގެ ދޫ ހަރަކާތްކޮއްލައިފިއެވެ. އަސްލަމް އާއި ކުރިން އޮތް ވަރަށްވުރެވެސް ބޮޑަށް ގާތްވެލަމުން ނަވާލުގެ ކައިވެނީގެ ހުރިހާ ވާހަކައެއްހެން ކިޔާދީފިއެވެ. ސަމީރާގެ ވާހަކަތަކުން އަސްލަމްއަށްވެސް ހަމަޖެހުން ލިބިލެއްވިއެވެ. އަދި އޭނާގެ ދަރިން ބޮޑެތިވެއްޖެ ކަމުގެ އިޙްސާސް އެވަގުތު ކުރެއްވުނެވެ.

ހަފްތާގެ ހޯމަ ދުވަހެވެ. ފަތިހު ކާރުގައި ނުކުމެ ހެންވޭރާ ދިމާ ބޮޑުތަކުރުފާނު މަގުގެ ހިސާބެއްގައި ނަވާލު ކާރު ޕާކުކޮއްލައިގެން ހުރެ، ކާރު ފޮހެމުންދިޔައެވެ. އޭރު ކާރު ސާފު ކުރަން ބޭނުންކުރާ ތަފާތު އެކި ވައްތަރުތަކުގެ ފުޅިތަކާއި ސްޕޮންޖުތަކާއި، ދުވާރާއި މަގާއި ދޭތެރޭ ގަސް އިންދާފައި ހުންނަ ބައިގެ ގާފޮޅުމަތީގައި ބަހައްޓާފައި ހުއްޓެވެ. ފަތިހަށް ކަސްރަތު ކުރަން ދުވާމީހުންނާ ހިނގާފައިދާ މީހުން ނަވާލަށް ފެނެއެވެ. ޚުދު އޭނާވެސް ހުރީ ކަސްރަތު ކުރަން ލާފަދަ ހެދުމެއްގައެވެ. މީހާ ހުރީ ދާހިއްލާ ފޯވެފައެވެ. ހީވާގޮތުން އޭނާ އެހެރީ ދުވެ ނިންމާލައިގެންނެވެ. އޭރު ދުނިޔެމަތިވެސް އަލިވެ ހޫނުކަން ފަޒާގައި ހިފަން ފަށައިފިއެވެ.

ކުރަމުން ދިޔަ މަސައްކަތް ނިންމާ ލާފައި އަތުގައި އޮތް ތަޅުދަނޑި ފަތިން ކާރުގެ ރިމޯޓަށް ފިއްތާލުމާއިއެކު އަޑެއް ކިޔާފައި ކާރު ތަޅުލެވުނެވެ. ލައިގެން ހުރި ކާކީ ކުލައިގެ ސޯޓުގެ އަރިމަތީ ޖީބަށް ތަޅުދަނޑިފަތި ލުމަށްފަހު މަޑު ދުވުމެއްގައި އޭނާ ދުވަން ފެށިއެވެ. ނިތްކުރިމަތިން ދަޅައަޅަމުން ދިޔަ ދާތިކިތައް ދޭތެރެއަކުން ފޮހެލުމާއިއެކު އިސްތަށިގަނޑުގައި އަތްފުނާ އަޅާލައެވެ. މުޅި އިސްތަށިގަނޑުވެސް ދަލުން ފެންވެރިފައިވާ ކަހަލައެވެ. ނަވާލްގެ ދުވުމަށް ހުއްޓުމެއް އައި ރާޅުގަނޑު ސަރަޙައްދާއި ހަމައަށް ދެވުމުންނެވެ. އަރައިގެން އަންނަ ގަދަ އިރާއި ދިމާލަށް ކުރިމަތިވާ ގޮތަށް އޭނާ ތޮށިގަނޑުން ބޭރަށް ވާގޮތަށް އިށީނެވެ. މަޑުމަޑުން އިނދެ ފުންނޭވާތަކެއް ލުމަށްފަހު ދެއަތް މައްޗަށް ނަގާ ގުޅުވާލުމާއިއެކު ދަމާލައިފިއެވެ. ހިންދެމިލަން ހަށިގަނޑު ދަމާލާފަދަ ގޮތަކަށެވެ. ދެން އޭނާގެ ސޯޓުގެ ޖީބުން ފޯނު ނެގުމަށްފަހު ނަންބަރަކަށް ޑައިލް ކޮއްލުމަށްފަހު ކުރިންވެސް ކަންފަތަށް ޖަހައިގެން ހުރި ހެޑްސެޓުން ވާހަކަ ދައްކަން ފެށިއެވެ.

“މޯނިންގް ލަވް” ނަވާލު ބުނެލިއެވެ.

ފޯނުން ނަވާލުގެ އަޑުއިވުމާއިއެކު މޯނާގެ ދެލޮލުން ނިދި ފިލާ ހިނގައްޖެއެވެ. އުފަލުން އަވަސް އަވަހަށް ތެދުވެ އެނދުގައި އިށީންނަމުން ކައިރީގައި އޮތް ކުށަންއެއް ގެނެސް މެޔާލާ ބޮނޑިކޮއްލައިފިއެވެ. އަދި ދެލޮލުގެ އެސްފިޔަތައް ތަޅުވާލުމާއިއެކު ފުންނޭވާއެއް ބޭރުކޮއްލި ގޮތުން ހީވީ ނަވާލާ ވާހަކަދައްކަން ތައްޔާރުވެލި ހެންނެވެ.

“މޯނިންގް، މިއަދު ހާދަ ހެނދުނަކާ ހޭލައިގެން ތިއުޅެނީ، ކޮންތާކު ތިހިރީ، ވަރަށް ވައި އަޅާ އަޑުކަހަލަ އަޑެއް އިވޭ” މޯނާ އޭނާގެ ކަންފަތް ކުރިއަށްވުރެ ސަމާލުކޮއްލީ ފޯނުން އިވޭ އަޑުތަށް ދެނެގަތުމަށެވެ. ނަވާލު ހުރީ ގެއަކު ނޫންކަން އޭނާ އަށް އެނގެއެވެ.

“ކުޑަކޮށް ޖޮގް ކޮއްލީ، މީނީ ލޮނުޒިޔާރަތްކޮޅު، ރާޅުގަނޑު ސަރަޙައްދުގަ، ރާޅު ބިންދާލާ އަޑެއް ނީވޭތަ، މޯނާ، ބޭބްސް… ޓެން އެހާކަން ހާއިރު އަހަރެން ދާނަން މޯނާ ބަލާ، މެންދުރު ކާނީ މިކޮޅުން، އަހަރުމެންގެ ގެއިން، މަސައްކަތް ކުރާ މީހުންވެސް މިއަދު ނާންނާނެ ކަމަށް ތުއްތޮން ބުނި، އެހެންވީމަ އަހަރުމެންނަށް މަތީގަ ބާބިކިއު ހެދޭނެއެންނު” ނަވާލު ވާހަކަދެއްކީ ލޯބިވެރިއަކާއި ވާހަކަދައްކާ ފަދަ ގާތް ގޮތަކަށެވެ.

“ރިއަލީ، ތިހެންވީރު އަވަހަށް މަނާރު ގާތު ބުނަންވީ ދޯ، މަޖާވާނެ… އަނެއްކާ ތިހެން ކިޔާފަ ނަވާ ޚިޔާލު ބަދަލު ނުވައްޗޭ، އަހަރެން މިހިރީ ނަވާ އާއި މީޓު ކުރާ ހިތުން ކެތްމަދުވެފަ، ޑާރލިން… މިއަދު ޖިމްއަށް ނުދާނަންތަ، އެހެންވެތަ މޯނިން ޖޮގިންނަށް ތިދިއައީ” މޯނާ އަހާލިއެވެ.

“ނޫން، ޖިމްގެ ގަޑި އަހަރެން ބަދަލުކޮއްފިން، މިދެން ހަމަ ބޯހަމަ ޖައްސާލަން ނުކުތީ، މިގަޑީގަ މާލޭގެ މަގުތައްވެސް ތަންކޮޅެއް އަމާންވާނެ އެންނު، ދެން ބޭއްވީ އެނގޭ، ހަނދާން ކުރާތި، ޓެންނަށް އަހަރެން ދާނަން، ކޮންމެވެސް މަނާރަށް ހަނދާންކޮއްދެއްޗޭ، އަހަންނަކަށް ނުކެރޭނެ މޯނާ އެކަނި މިގެއަށް ގެންނާކަށް، އޭރުން މަންމަމެން މާ ސުވާލު ކުރާނެ… އޯކޭ…” ނަވާލު ބުނެލިއެވެ. އެވަގުތު ބިންދާލި ރާޅަކުން ލޮނުތައް ބުރައިގެން ގޮސް ނަވާލުގެ ފައިން ބައެއް ކުޑަކޮށް ތެމުނެވެ. ހީވީ އޭނާ ހަދަމުން ދިޔައީ ހުސްދޮގުކަން އެރާޅަށްވެސް އެނގިގެން އެކަމުގެ ހަސަދަ ބާލާލީހެންނެވެ.

“ހޫމް، ބާއި…” މޯނާ ލޯބި ލޯބި ގޮތަކަށް ތުއި ރާގެއް ލާފައި ބުނެލިއެވެ. ނަމަވެސް އެއްވެސް ފަރުވާލެއް ނެތް ގޮތަކަށް ހެޑްސެޓުގެ ސުވިޗަށް ފިތާލަމުން ކޯލު ނިންމާލިއެވެ. އަދި ފައިގައި ހަރުލާފައި ހުރި ލޮނުތިކިތައް ފޮޅާލަން މަސައްކަތް ކުރިއެވެ.

ގެއަށް މެހެމާނުން ތަކެއް އަންނަ އުޅޭކަމުގެ ޚަބަރު ނަވާލު ސަމީރާއަށް ދިނެވެ. އޭގެ އިތުރުން މެންދުރުގެ ބާބިކިއު އަށް ގޭގެ ހަދަންފަށާފައި ހުރި، އެކަމަކު އަދި އެއްކޮށް ނުނިމި ހުރި ބަޔަށް އެރުމުގެ ހުއްދަވެސް ހޯދިއެވެ. ސަމީރާއަށް ހީވީ އޭނާއަށް މިއަދު އުފާވެރިކަމުގެ ޚަބަރެއް ލިބޭނެކަމުގައެވެ. ނަވާލުގެ ނިންމުން ހާމަ ކުރާނެކަމުގައެވެ. ދަރިފުޅު ބޭނުންވެގެން ބުނިހާ އެއްޗެއް ގޭގައި އުޅޭ ދާޢޫދު ލައްވާ ގަނުވާ ހަމަކޮއްދިނެވެ. މޯނާ އާއި މަނާރު އަންނަނީ ހެނދުނުގެ ނާސްތާގަޑި ފަސްދީ ދާފަހުން ކަމަށްވާތީ އެކުދިންނަށް ނުވަގަޑިއަށް ރަނގަޅު އެއްޗެއް ތައްޔާރު ކޮއްލުމަށް ލީލާގެ ގާތުގައި ސަމީރާ މަޝްވަރާކޮއްލިއެވެ. ލީލާއަށްވެސް މިއަދަކީ އާދައިގެ ދުވަހެއް ނޫންހެން އިޙްސާސް ކުރެވުނީ ސަމީރާގެ ހަރަކާތްތައް ހުރި ގޮތުންނެވެ.

ފެންވަރާލާ ރީތިވެލައިގެން ނުކުން ގޮތަށް ކުޑަދޮރުގެ ދޮރުފޮތިގަނޑު ދެފަރާތަށް ކަހާލާ ދެބައި ވަކިވަކިން ދެފަރާތުގައި ހައްޔަރު ކޮއްލައިފިއެވެ. އަދި މާނަފުން ހިނިތުންވުމަކާއިއެކު ނާއިލު މަޑުމަޑުން މަތީގައި އެލުވާފައި ހުރި ވިންޑްޗައިމް އާއި އިނގިލި ތަކުން ކުޅެލައިފިއެވެ. ޚިޔާލީ ދުނިޔެއެއްގައި ހުރެ ކުޑަދޮރު ހުޅުވާލުމާއިއެކު ކޮޓަރިތެރެއަށް ވަދެގެން ދިޔައީ ހިރަފުހުގެ ވައިރޯޅިތަކެވެ. ހުވަފެނީކަން ކެނޑި ނާއިލު ކޮށިއަރާގޮތްވިއެވެ. ގޭތެރޭގައި ހުންނަ ކުޑަދޮރުތައް ހުޅުވާލެވެން ނޯންނަނީ އެހެންވެއެވެ. ގެ ހެދުމުގެ މަސައްކަތް ކުރިއަށް ދާތީވެ ސާފު ވައި ލިބުމަކީ ދަތިކަމެކެވެ. އަދި ޚާއްޞަކޮށް މަތީގައި ހުންނަ ކޮޓަރިތަކުގެ ކުޑަދޮރުތައް ހުޅުވައިލައިފި ނަމައެވެ.

ހެނދުނުގެ ސައި ނިންމާފައި ނަވާލު ދިޔައީ އޭނާގެ ކޮޓަރިއަށެވެ. ނާއިލު އޭނާ އާއި ވާހަކަ ދައްކަން ބޭނުންވެފައި ހުރިކަންވެސް އޭނާއަށް އެނގެއެވެ. ނަމަވެސް ނަވާލު މިހާރު އެއްގޮތަކަށްވެސް ނާއިލު ދެކޭކަށް ބޭނުމެއްނުވެއެވެ. އެއްގެއެއްގައި އޭނާ އުޅެން ޖެހޭތީވެސް ހުންނަނީ މަޖުބޫރުވެފައި ހުންނަ މީހެއް ހެންނެވެ. ކޮޓަރީގައި ހުރި ކޮމްޕިއުޓަރ މޭޒު ކައިރީ އިށީނދެލައިގެން އޭނާ އިންއިރު ހަށިގަނޑުވަނީ ބޮޑު ގޮނޑީގެ ތެރެއަށް ދޫކޮއްލާފައެވެ. ނިތްކުރީގައި މަޑުމަޑުން އިނގިލިތަކުގެ ކުރިން ފިރުމަމުން ދިޔައެވެ.

“ފުރަތަމަ އޭނާ ފެނުނީ އަހަންނަށް، އޭނާ ދެކެ ލޯބިވީވެސް އަހަރެން، އޭނާ އާއި ގުޅުން ބަދަހި ކުރީވެސް އަހަރެން، ދެން ކީއްވެ އަހަންނަށް އޭނާ ނުލިބެންވީ، އަހަންނާ ބީބީ އާއި ދެމީހުންކުރެ ބަލާލަންވެސް ރީތީ އަހަރެން، އެންމެ ފަހުގެ ޓްރެންޑްސް އަހަރެން އަބަދުވެސް ޚިޔާރު ކުރަނީ، އަންހެން ކުއްޖެއްގެ ގާތުންލާފަ އަހަރެން ގޮސްފިނަމަ އެމީހުންގެ ހިތްތައް އަހަންނަށް ހުޅުވާލާ، ދެން ކީއްވެ އެންމެ އަންހެން ކުއްޖެއްގެ ހިތް ނުހޯދިގެން މިއުޅެނީ… އާން… މީ ހަމަ ބީބީގެ ކަންތައް، އޭނާ އައީމަ މަނާރުގެ ހިތް އަހަންނަށް ބަންދުވީ، މީ އޭނާގެ ކުށް، މަނާރުގެ ހުރިހާ ސަމާލުކަމެއް އޭނާ ހޯދީ އަހަންނަށް ޖެއްސުމަށް، އެހެންނޫނީ މިބޮޑު ދުނިޔޭންވެސް އަހަރެން ހަމައެކަނި ލޯބިވި އަންހެން ކުއްޖާ ޖަހައި ނުގަތީސް، ވަރިހަމަ ކޮންމެ ގޮތެއްވިޔަސް، އަހަރެން ލޯބިވާ މީހާ އަހަންނަށް ނުލިބި އެހެން މީހަކަށްވެސް ލިބުނަކަށް ނުދޭނަން، އަދި އަމުދުން ބީބީއަށް، ކޮންމެވެސް ގޮތުން މަނާރާއި ކައިވެނި ކުރަންވީ، އޭރުން ހުރިހާ ކަމެއް ހަމަޖެހިދާނެ ކަންނޭނގެ…” ނަވާލުގެ ސިކުނޑީގައި ތަފާތު ޚިޔާލުތައް އެނބުރެމުންދިޔައެވެ.

ބޮޑުކޮޓަރީގައި ނާއިލު މަޑުކޮއްލައިގެން އިނީ އޭނާއަށް މަނާރު އަންނަން އުޅޭކަން އެނގިގެނެއް ނޫނެވެ. އެހެންނަމަވެސް ނަވާލާއިއެކު ވަދެގެން އައި މޯނާ އާއި މަނާރު ފެނުމުން އޭނާގެ މޫނުމަތިން ވަރަށްވެސް ބޮޑު ހައިރާންކަމާއި އުފާވެރިކަން ފެނިގެންދިޔައެވެ.

“ނުވެސް ބުނޭ އަންނަ ވާހަކަ” ހިނިއައިސްފައި ތެދުވެވުނު ނާއިލަށް ބުނެވުނެވެ.

“ބީބީ ސަޕްރައިޒް ކޮއްލަންވެގެންނޭ ނުބުނީ ދޯ މަނާރު” ނަވާލު ހީނލަމުން ބުނެލިއެވެ. މިހާރު އޭނާ ހުރީ ރުޅިއައިސް ހިތްހަމަ ނުޖެހިފަ ހެނެއް ހިއެއްނުވެއެވެ. މޯނާ ދޭތެރެއަކުން ނަވާލުގެ އަތުގައި ހިފާލާ އިރަށް އަވަސް އަވަހަށް އެއަތް ނަވާލު ދުރުކޮއްލައެވެ. އެމީހުންގެ ކުރިމައްޗަށް ނުކުމެވުނު ސަމީރާ ވަރަށް ފުން ނަޒަރަކުން އެދެއަންހެން ކުދިންނަށް ބަލާލީ މީގެ ކުރިން ނުބަލާފަދަ ގޮތަކަށެވެ. އަދި ކުދިންނަށް ވަގުތު ދީފައި ކޮޓަރި އާއި ދިމާލަށް ހިނގައިގަތީ، ކަމެއް ބޭނުންވެއްޖެ ނަމަ ގޮވާށޭ ބުނެފައެވެ.

“ނަވާ ރޭވި ބާބިކިއު އެއް މީ” މޯނާ އައިސް ސޯފާގައި އިށީންނަމުން ބުނެލިއެވެ.

“ނަވާލް، ނުވަގަޑީގަ ބޯލާނެ އެއްޗެއް ލީލާ ހުންނާނެ ތައްޔާރު ކޮއްފަ، އިރުކޮޅަކުން ވިޔަސް އެކުދިން ގޮވައިގެން އެފަރާތަށް ދައްޗޭ” ކުދިންގެ ލޯމަތިން ގެއްލުމުގެ ކުރިން ސަމީރާ ބުނެލިއެވެ.

ތަފާތު ވާހަކަތައް ދައްކަމުން އެންމެން ދިޔައިރުވެސް ނަވާލުގެ ސަމާލުކަން ދެވިފައިވަނީ މަނާރުގެ ހަރަކާތްތަކަށެވެ. އޭނާ ތުއިވެ ތުއިވެފައި ނާއިލަށް ތިއްތި ދައްކަނީއެވެ. ނަވާލުގެ ހިތަށް އުނދަގޫ ކުރުވި ކަމަކަށް އެކަން ވެގެން ދިޔައެވެ. ދޭތެރެއިން އެދެމީހުންގެ ބަހުރުވައިން ތޫނުފިލި ނަޒަރުތައް ބަދަލުކުރަމުން ދިޔައެވެ. ނަވާލުގެ ކަންފަތާއި ހަމައަށް ނުފޯރާ އަޑަކުން އެމީހުން ވާހަކަ ދައްކާ ކަހަލައެވެ.

“ދެން ތިބޭނެ ކަމެއްނެއްތާ، ހިނގާ އެފަރާތަށް” ނަވާލު ތެދުވަމުން ބުނެލިއެވެ. އޭނާއަށް މަނާރު އުޅޭގޮތް މާގިނައިރު ބަލަންވެއްޖެ ނަމަ ހަމައިން ނައްޓަފާނެއޭ ހީވީއެވެ. ނަވާލުގެ ޖިންސުގެ ދެޖީބަށް ޖަހާލެވިފައި އޮތް އަތް މުއްކާލެވުނެވެ.

މެންދުރުގެ ބާބިކިއު ވަގުތު ޖެހުމުގެ ކުރިން މޯނާ އާއި މަނާރު ބޭނުންވީ އެމީހުންގެ ހިތްއެދޭ ޒުވާނާ އާއިއެކު އެކަނިވެލާށެވެ. މޯނާ ކޮންމެވެސް އެއްޗެއް ކިޔާ ނަވާލުގެ ކޮޓަރިއަށް ވަނުމަށް ވަރުދައްކަމުން ދިޔައެވެ. އެހެންނަމަވެސް ނަވާލު އެޚިޔާލެއް ނުގެންގުޅުނެވެ. އޭނާ އެއްޗެއް ނުބުނެ ކޮޓަރި ކުރިމަތީ ބެލްކަނީގައި ދެއަތް އަޅުވާލައިގެން ހުއްޓެވެ. ދެން ފެނުނީ ނާއިލުގެ ފަހަތުން މަނާރު އެކޮޓަރިއަށް ވަންތަނެވެ. ކުއްލިއަކަށް އެދިމާލަށް ބަލާލެވުމާއިއެކު މަނާރުގެ ފަހަތުން ދިއުމަށް އޭނާއަށް ފިޔަވަޅު އަޅާލެވުނެވެ. އެހިނދު މޯނާ އޭނާގެ އަތުގައި ހިފެހެއްޓިއެވެ.

“ލެޓް ދެމް ގޯ، އަހަރުމެން ދެމީހުންނަށް ޓައިމް ދީފަ އެދިޔައީ، ހިނގާބަލަ ރޫމްއަށް، ކީއްވެތަ ރޫމަށް ނުވަންނަން ތިއުޅެނީ، ގޯސް ކަމެއް ކުރެވި ދާނެތީތަ” މޯނާ ކުޑަކޮށް ނަވާލާއި ގަޔާވެލައިގެން ހުރެ ބުނެލިއެވެ. އޭރުވެސް ނަވާލުގެ ނަޒަރު ހުރީ ނާއިލުގެ ކޮޓަރި އާއި ދިމާލަށް ހުއްޓިފައެވެ.

“އައި އެމް ނޮޓް އިންޓަރެސްޓެޑް” ނަވާލު ފޫހިގޮތަކަށް އަވަސް އަރުވާލާފައި ބުނެލިއެވެ. އަދި ކުރިއަށް ހިނގައިގަންނަން އުޅުނެވެ.

“ވަޓް… ނަވާ…” މޯނާ، ނަވާލުގެ އަތަށް ދަމައިގަންނަމުން ބުނެލިއެވެ. ބުނެވުނު ގޮތް ގޯސްވެއްޖެކަން ނަވާލަށް ވިސްނުނީ ދެނެވެ.

“މިބުނީ… މިބުނީ، ގޯސް ކަމެއް ކުރެވިދާނެތީވެއޭ ކޮޓަރިއަށް ނުވަންނަން މިއުޅެނީ، އެކަހަލަ ގޮތަކަށް ނޫޅުނަސް އަހަރުމެން ދެމީހުން ނުލާހިކު ސީރިއަސް އެންނު، މެރީއޭޖާއި ހަމައަށް ދެވުނީމަ އެކަހަލަ ކަންތައްތަކާ ވިސްނާނީ، އައެމް އަ ލިޓިލް އޯލްޑް ފެޝަން ޓައިޕް…” ނަވާލު ގަދަކަމުން ހީނލާފައި މޯނާގެ އަތުގައި ހިފާލިއެވެ.

“ހާދަ ފިންޏޭ” މަނާރުގެ އަތްތިލާގައި ހިފާލުމާއިއެކު ނާއިލަށް ބުނެލެވުނެވެ.

“ޔޫ މޭކް މީ ލައިކް އެން އައިސް ކިއުބް، ފީލް ލައިކް މެލްޓިން…” މޮޅު ޝާއިރެއްފަދައިން ބަސްތައް އަތުރަން މަނާރު މަސައްކަތް ކުރާ ކަހަލައެވެ. އެގޮތް ނާއިލަށް ވަކިން ކަމުދިޔައެވެ. ދޮރުގައި މަނާރު ލައްވެލައިގެން ހުރި އިރު ނާއިލު އޭނާގެ ބޮޑު އަތުގެ ދިގު އިނގުލިތަކުގެ ތެރެއަށް މަނާރުގެ އިނގިލިތައް މަހާލުމާއިއެކު މަޑުމަޑުން ބާރުކޮއްލިއެވެ. އެދެމެދުގައިވާ ހުސްކަން ގާތްކޮއްލުމާއިއެކު ދެމީހުންގެ ނޭވާގެ ހޫނުކަން އިޙްސާސް ކުރެވުނެވެ. ނަމަވެސް މަނާރު އެއްފަހަރުވެސް ނާއިލުގެ ހަރަކާތްތައް ހުއްޓުވަން މަސައްކަތެއް ނުކުރެއެވެ. ދެމެދުގައި އޮތް ލަދުވެތިކަމުގެ ފަރުދާ ފުރަތަމަ ފަހަރަށް ހިއްލާލީ އެވަގުތުކޮޅުގައެވެ. މަނާރުގެ ތުންފަތުގައި އިހު ހުރި މަޑުމަޑު ފިޔާތޮށި ކުލަ މަޑު ރަތްކުލައަކަށް ބަދަލުވެގެން ހިނގައްޖެއެވެ. މެރިފައި ހުރި ދެލޯ ހުޅުވާލަންވެސް ނުކެރިފައި ހުރިފަދަ ގޮތަކަށް އޭނާ ހުއްޓެވެ. އެވަގުތު ކޯތާފަތުގައި ބޮސްދެމުންދިޔަ ލާނެތް އިސްތަށިކޮޅަށް ނަވާލު ފުމެލިއެވެ. އެސްފިޔަ ތަޅުވާލުމާއިއެކު މަނާރުގެ ދެމިފައި ހުންނަ ބޮޑު ދެލޯ ހުޅުވާލަމުން ނާއިލާއި ހަތަރުކަޅި ބައްދަލު ކޮއްލިއެވެ. ނާއިލު، މަނާރު ރަކިވާވަރަށް ބަލަމުންދިޔައެވެ.

“ދެން ނުބަލަބާ… ޕްލީޒް…” ލަދުގެންފައި ހުރި އަންހެން ކުއްޖަކު ފަދައިން މަނާރު އިސްޖަހާލަމުން ބުނެލިއެވެ.

“ޔޫ ލުކް ބިއުޓިފުލް” ނާއިލު، މަނާރުގެ ދަތްދޮޅީގައި ހިފާ އުފުލާލަމުން ބުނެލިއެވެ. އަދި އެއްފަހަރު އެރީތި ތުންފަތާ ސަމާސާ ކޮއްލައިފިއެވެ. ލޯބިވެތި ލާނެތް ގޮތަކަށެވެ. ކުރިއަށްވުރެ ނޭވާ ހިފަހައްޓާލަން ޖެހުނު ވަގުތު ގިނަވިއެވެ. އިޙްތިޔާރަކާއި ނުލާ މަނާރަށް ނަވާލުގެ މެދުހަށީގައި ދެއަތް އަޅުވާލުމާއިއެކު ފިތިބާރުވާހާ ގާތްވެވުނެވެ. ނާއިލަށް ލިބުނު އިތުރު ހިތްވަރެއްކަމުގައި އެކަންވެގެން ދިޔައެވެ.

ކޮޓަރީގެ ދޮރުގައި ހުރި އަތްގަނޑުގައި ނަވާލު ހިފާލާފައި އަނބުރާލީ ކުއްލިއަކަށް ދޮރުހުޅުވާލުމަށެވެ. ނަމަވެސް ދޮރުހުރީ ތަޅުލާފައި ކަމަށްވާތީ ގުޑުމެއް އަރައިގެން ދިއުމާއިއެކު ކޮންމެވެސް ވަރެއްގެ އަޑެއް ކިޔެވެ. ހަމަ އެހާމެ އަވަހަށް ބާރު ބާރަށް އަވަސް ކަމާއިއެކު ޓަކިޖެހިއެވެ. ދޮރުގައި ލައްވެގަނެގެން ތިބި ދެޒުވާނުން ދިޔައީ ސިއްސައިގެންނެވެ. ދެމީހުންވެސް އެކަކު އަނެކަކާ ދުރަށް ޖެހިލުމާއިއެކު އަވަސް އަވަހަށް ދެމީހުން ހަމަޖެހިލިއެވެ. މަނާރު އޭނާގެ އިސްތަށިގަނޑު ރީތިކޮއްލުމާއިއެކު އަވަސް އަވަހަށް ކުރިންވެސް ހުރިގޮތަށް ހުޅިއެއް ޖަހާލާއި ދަތި ހަރުކޮއްލައިފިއެވެ. ނާއިލު ދޮރު ހުޅުވީ މަނާރު ހަމަޖެހިއްޖެކަން ޔަގީންވީމައެވެ.

“ކިހިނެއްވީ” ދޮރު ހުޅުވާލި ގޮތަށް ނާއިލު މިހެން އަހާލީ ދޮރުމަތީ ހުރި ނަވާލުގެ ގާތުގައެވެ. ނަވާލުގެ ނަޒަރު ނާއިލުގެ ކޮޓަރިތެރެ ހޯދާލި ކަމަކު އޭނާ އިޝާރާތުން ދައްކާލީ އަތުކުރީ އޮތް ގަޑިއެވެ.

“އޯ… ދާންވީ ދޯ، ކޮބާ ގްރިލް، ސްޓޯރ ރޫމްއިން ނެރެފިންތަ” ކަމެއް ހިނގައިފިކަން ސިއްރުކުރަމުން ނާއިލު ބުނެލިއެވެ. އޭރު މަނާރު ހުރީ ކޮޓަރީގައި ހުރި ރީތިވާ މޭޒުކައިރީ ކުޑަކޮށް މޫނުމަތީގެ މޭކަޕް އެއްވަރުކޮއްލުމުށެވެ.

“ބީބީގެވެސް އެހީގަ ގްރިލް އެރުވޭނީ އެހިސާބަށް” ނަވާލު ބުނެލިއެވެ.

“ހިނގާ، ކޮބާ ތުއްތޮން، ހެނދުނު ފެނުނު ފަހުން އަދި ނުފެނޭ، ބޭރަށް ދިޔައީތަ، އޭނަ ބައިވެރިއެއް ނުވާނެތަ” ނާއިލު، ނަވާލުގެ ކޮނޑުގައި ޖަހާލަމުން ހިނގައިގަތެވެ.

“ތުއްތޮން މާދަން ޑުބާއިއަށް ފުރާ ވާހަކައެއް ދެއްކި، އެދިޔައީ އެކަމުގަ ކަންނޭގެ” ނަވާލު އޮޅުންފިލުވާ ދިނެވެ.

ހަދަންފަށާފައި ހުރި އެއްވެސް އޮމާންކަމެއްނެތް ކޮންކްރީޓް ސިޑިން ނާއިލު އާއި ނަވާލު އަރަމުންދިޔައީ އަށްވަނަ ފަންގިފިލާއަށެވެ. ސިޑީގެ އަރިމަތީ ތޭރިތަށް ނެތުމުގެ ސަބަބުން ދެމީހުންވެސް އެރީ ވަރަށް ބަލައިގެންނެވެ. އަށްވަނަ ފަންގިލާގެ ސީޓުމަތީގައި އޮތް ހުސް ގޯނިތަށް އެއްފަރާތް ކޮއްލުމާއިއެކު ބާކީ ހުރި ސާމާނުތައްވެސް ދެބެންވެގެން އެތަނަށް އަރުވާ ހަމަޖައްސާލިއެވެ. އަދި ބަދިގެ ފަރާތުން ލީލާ ލައްވާ ބޮޑެތި ދެތިން ތައްޓާ، ކާން ބޭނުންކުރާވަރުގެ ހަތަރު ތަށި ގެނައެވެ. ގޭގައި އުޅޭ އެއްވެސް ބަޔަކު އެގޭގެ ކުދިން ކުރާ ކަންތައްތަކަށް ފާރަލައެއް ނުހަދައެވެ. އަބަދުވެސް ބަލާނީ އެކުދިންގެ ރަޙުމަތްތެރިންނާއިއެކު ކަމެއް ކުރާނަމަ އެމީހުންގެ ގާތަށް ނުގޮސްވޭތޯއެވެ. އެއީ އެމީހުންގެ މިނިވަންކަމަށް ބުރޫއަރާ އުނދަގުލެއް ފޯރާފާނެތީއެވެ. ލައްޕާލެވޭ ކަހަލަ ޕިކްނިކް ގޮނޑިތަކާއި ދިގު މޭޒު، ތަނުގެ މެދުގައި އަތުރާލިއިރު، އެއްފަރާތުގައި ގްރިލް ބަހައްޓާފައި ހުއްޓެވެ.

ގްރިލް ރޯކުރީ ނަވާލެވެ. ބާބިކިއު ހެދުމަށް ވައިޓް ފިޝް ފޮތިފޮތި ކޮއްފައި ހުރިއިރު، ސޮސެޖާއި، ކުކުޅު ފަޔާއި ދެވައްތަރެއްގެ އިތުރު ފަރުމަހެއްވެސް އޮތެވެ. އަދި އޭގެ އިތުރުން މާޝިމެލޯސް ހިފައިގެން މޯނާ އާއި މަނާރު އުޅުނެވެ. އެންމެން ހީހީފާ ސަމާސާ ވާހަކަތައް ދެއްކުމުގައި ތިއްބެވެ. މިހެން ތިބިއިރު ދޭތެރެއަކުން މަނާރުގެ ނަޒަރު ނާއިލުއަށް އަމާޒުވެގެން ދެއެވެ. ކޮންމެ ފަހަރަކުވެސް އިސްޖަހާލަނީ ރަކި ހިނިތުންވުމަކާއިއެކުއެވެ. އެއީ އެއިން ކޮންމެ ފަހަރަކުވެސް ނާއިލު ހުންނަނީ އޭނާ އާއި ދިމާލަށް ބަލާށެވެ. ދެމީހުންގެ ތުންފަތުގައިވެސް ވަނީ އެއްކަހަލަ ހިނިތުންވުމެކެވެ. ކާއެއްޗެހިތައް ފިހެވެމުންދިޔައިރު ވަށައިގެންވި މާޚައުލު އެއްވަސް ވެލާފައިވަނީ ތާޒާ ކާއެއްޗެހީގެ ވަހުންނެވެ. ކުޅުދިޔާވާފަދަ ބަނޑުހައިކަން އިތުރުވާފަދަ ހިތްގައިމު ވަހެކެވެ. އިތުރަށް ކެތްނުކުރެވިގެން ގްރިލް މަތިން ނެގި ސޮސެޖެއް މޯނާގެ އަނގައަށް ލުމާއިއެކު އެހާމެ އަވަހަށް އަތުގައި އޮތް ތައްޓަށް ވައްޓާލިއެވެ.

“އޫ… އޫ… ހާދަ ހޫނޭ… ހާދަ ހޫނޭ… ދޫ ފިހިއްޖެކަންނޭގެ” ދޫ ބޭރަށް ނެރެގެން ހުރެ މޯނާ ވާހަކަދެއްކީ މަޖާ ގޮތަކަށެވެ. މަނާރު ހީނ ހީނފާ ވާހަކަދެއްކިއެވެ. އެތަން ބަލަން ތިބި ނާއިލު އާއި ނަވާލަށްވެސް ހެވުނެވެ.

“އެހެންނޭ ވާނީ ދަހިވެގެން އުޅެން ހަދައިގެން، އެންމެނަށްވުރެ ކުރިން އަވަހަށް ކާން އުޅުނީމަ ލިބުނު ލަނޑުތީ، ދެންވެސް ހުރިހާ އެއްޗެއް ފިހެވެންދެން މަޑުކޮއްބަލަ” މަނާރު ދިމާކުރިއެވެ.

“ނޫނޭ މޯނާ، ހިތްވަރު ކޮއްލާ، ރޯދި ކުރެއްވި މީހަކަށް ނުލިބިއެއް ނުދާނެ” ނާއިލުވެސް މިހެން ބުނެލީ ދިމާކޮއްލުމުގެ ނިޔަތުގައެވެ.

ހުރިހާ އެއްޗެއް ފިހެވުމާއިއެކު ނާއިލު އާއި ނަވާލާ ދެމީހުންވެގެން ތަށިތަކުގައި ހުރިހާ އެއްޗެއް އަތުރާ ނިންމާ ލާފައި ގްރިލް ނިވާލައިފިއެވެ. އަދި ކާން ތައްޔާރު ވެލިއެވެ. އޭރު މޯނާ ހުރީ ވަރަށް ބަނޑުހައި ވެފައިކަމަށް ކިޔަންފަށައިފިއެވެ. އެހެންވެ އެންމެނަށްވުރެ ކުރިން ކާންވެސް ފެށީ އޭނާއެވެ. ފަރާޓާ އާއި ފާނާއި، ރޮށިވެސް އެތަނުގައި ގެނެސްފައި ހުއްޓެވެ. ފާނުގެވެސް ދެވައްތަރެއް ހުއްޓެވެ. ކޮންމެ އެއްޗަކުންވެސް މަދު މިންވަރެކެވެ. އިސްރާފުވެދާނެކަމަށް ކުރިން ވިސްނާފައެވެ. މިއީ ނަވާލު އަލަށް ބޭއްވި ބާބިކިއުއެއް ނޫންވީމަ އެއްޗެހި ހޯދަންވީ މިންގަނޑު އޭނާއަށް ވަރަށް ރަނގަޅަށް އެނގެއެވެ.

ތަފާތު ޚިޔާލުތައް ކާމޭޒުމަތީ ބަދަލު ކުރެވުނެވެ. ނަވާލަށް މަނާރު ފެނުމުން ކޮންމެވެސް ބަދަލެއް އައިސްފައި ހުރިކަން ވަގުތުން ނަގައިގަނެވުނެވެ. އަދި މިއަދު އެންމެ ފުރަތަމަ މަނާރު އައިސް ނާއިލުއަށް ބެލިގޮތާއި މިހާރު އޭނާ ނާއިލުއަށް ބަލާގޮތް މާބޮޑަށްވެސް ތަފާތުވެއްޖެކަން ފާހަގަ ކުރެވުނެވެ. އެކަމާ ވިސްނަން އިންދާ، އަތުން ކާންއިން ކުކުޅުފައި ވެއްޓުނުކަމީ އެއީ އޭނާގެ ނަސީބުކަމެއް ނޫނީ އިއްތިފާގަކުން އޭނާއަށް ފެނުނު މަންޒަރު ފެންނަން ކަމެއް ނޭނގެއެވެ. ޓިޝޫއަކުން އެކުކުޅު ފައި ނެގުމަށް ގުދުވެލި ވަގުތު އޭނާގެ ލޯ ތަރަތަރަ ޖަހައިގެން ދިޔައީ ނާއިލުގެ އަތްތިލަ މަނާރުގެ ފައިމަތީގައި އޮތްތަން ފެނުމުންނެވެ. އަވަސް އަވަހަށް ތެދުވުމާއިއެކު ނަވާލުގެ ބަސްހުއްޓިއްޖެއެވެ. މާޙައުލަށް ހަމަހިމޭންކަން ވެރިވާކަށް ގިނައިރެއް ނުނެގިއެވެ. ނާއިލުއަށް ދައްކާނެ ވާހަކައެއް ނޭނގިގެން އެންމެފަހުން މޯނާ އާއި ނަވާލުގެ ގުޅުމުގެ ވާހަކަ ފެށިއެވެ.

“ތީ ދެން ކޮންވާހަކައެއް…” ނަވާލު ހިތްހަމަނުޖެހުން ފާޅު ކުރިއެވެ. އޭނާ އިންތަނުން ތެދުވުމާއިއެކު މޯނާގެ މޫނުމަތިން ކަންބޮޑުވުން ފާޅުވިއެވެ. ނަވާލަށް ކުއްލިއަކަށް އައި ބަދަލާއިމެދު އެންމެންވެސް ހައިރާންވެ ސުވާލު އުފެދުނެވެ. ޖަހާފައި ހުރި ތަނބުތަކުން ތަނބެއްގައި އަތްޖައްސާލައިގެން ނަވާލު ހުރީ ސީޓުގެ އަރިމައްޗެއްގައެވެ. އޭރު ދުރުދުރުގައި ސީޓަށް ޖަހާފައި ކުރު ދަނގަޑުތަކެއް ހުއްޓެވެ. ތިރިއަށް ބަލާލުމުން ފެންނަނީ ގޭގެ މެދަށް ހުސްކޮށް ހުރި ގޯތިތެރެއެވެ. އެތާހުރެ މަތިން ތިރިއަށް ބަލާލައިފިނަމަ ބޮލަށް އެނބުރުން އަރާގޮތްވާނެކަން ޔަގީއެވެ. އެހާވެސް އުހެވެ. އެކަމަކު ނަވާލުގެ ނަޒަރު ހުރީ ތިރިއަށް ހުއްޓިފައެއް ނޫނެވެ. އޭނަ ބަލަމުން ދިޔައީ މަތިން ފެތުރިފައި އޮތް ބޮޑު އުޑަށެވެ. ވިލާތަކުގެ ދައުރުވުމަށެވެ. އެއްވިލާކޮޅުގެ ތެރޭންލާފައި އުނދަގުލެއްނެތި އަނެއްވިލާކޮޅު ދާ މަންޒަރެވެ. އެއީ އޭނާގެ ލޮލަށް ފެންނަ މަންޒަރުތަކެވެ. ސިކުނޑީގައިވަނީ މުޅިން އެހެން ޚިޔާލެކެވެ.

ކައިނިމިގެން ނާއިލު ތެދުވީ ނަވާލުގެ ގާތަށް ދިއުމަށެވެ. މޯނާ ހާސްވެފައި އިންވަރުން ނަވާލަށް ވީގޮތެއް އޮޅުން ފިލުވުމުގެ ބޭނުމުގައެވެ. އޭރު ނަވާލާއި އޭނާ އާއި ދެމެދު ދިހަވަރަކަށް ފިޔަވަޅުގެ ދުރުމިން ހުންނާނެއެވެ. ހިނގައިގަންނަމުން މަނާރު ގާތު ތަށިތައް ގެންދަން ތައްޔާރުކޮއްލުމަށް ބުނެލިއެވެ.

“މިއަންނަނީ ވީގޮތެއް އޮޅުން ފިލުވާލާފަ” ހީނލާފައި ނާއިލު، މޯނާ އަށާއި މަނާރަށް ބަލާލަމުން ނަވާލުގެ ގާތަށް ދިޔައެވެ.

“ބްރަދަރ، މޫޑް އޮވް ވީތަ، ކޮބާ މައްސަލައަކީ… މޯނާގެ ވާހަކަ ފެށީމަތަ، ނަވާ ހިތްހަމަ ނުޖެހެންޏާ އަހަރެން އެވާހަކައެއް ދެން ނުދައްކާނަން” ނާއިލު މަޑުމައިތިރިކަމާއިއެކު ނަވާލުގެ ކޮނޑުގައި އަތްޖަހާލަމުން ވާހަކަދެއްކިއެވެ.

“މަނާރާއިއެކު ކިހިނެއްތަ ބީބީ ތިއުޅެނީ، މަންމައަށް ތިހެން އުޅޭކަން އެނގިއްޖެނަމަ ވާނެގޮތާމެދު އެއްފަހަރުވެސް ވިސްނާލިންތަ” ނަވާލު ކިތަންމެ ބޭނުންވިޔަސް އޭނާގެ ހިތުގެ ރިހުން ބޭނުންވި ގޮތަކަށް ދުލުން ބޭރެއް ނުކުރެވުނެވެ.

“އަހަރެން މަނާރަށް ލަނޑެއް ދޭކަށް ނޫޅެން، އަހަރުމެން ދެމީހުންގެ ފިއުޗަރ އާއިމެދު ވަރަށް ވިސްނަން، ވަރަށް އަވަހަށް މަންމަ ގާތުވެސް ބުނާނަން، މަނާރުގެ ނުގަބޫލުގަ އަހަރެން އޭނާއަށް އެއްވެސް ކަމެއް ނުކުރާނަން، އެކަމާތަ ހިތްހަމަ ނުޖެހިފަ ތިހުންނަނީ، އޯ މިހެން ބުނީމަ އެ ހަނދާންވީ، ނަވާއަށް ފެނުނީ ދޯ އަހަރެން މަނާރުގެ ފައިގަ ފިރުމާލިތަން، ހިއެއް ނުކުރަން އެކަހަލަ މަންޒަރެއް ފެނިގެން ނަވާގެ މޫޑު އޮފްވެދާނޭ ކަމަކަށް، އަހަރެން ހީކުރީ ނަވާ އުޅޭނީ މަށަށްވުރެވެސް ކުރީގަ ކަމަށް، ތީތާ ކާމިޔާބު މީހަކީ، މަށަށްވުރެ ގިނަ އަންހެން ކުދިންވެސް ވާނީ ނަވާއަށް، ދެން އެހުރިހާ ކަމެއް އެއްފަރާތްކޮއްލާފަ އޯކޭވެބަލަ، މޯނާ އާއި މަނާރު އައިސް އެތިބީ ނަވާގެ ދަޢުވަތަކަށް، އެމީހުންވެސް ފޫހިވާނެ ނަވާ ފަނި ހަދަންޏާ، އޭ…” ނަވާލު ފޫހިކަމާއިއެކު ދެބުމަކައިރިކޮއްލައިގެން ހުންނަން ފެށުމުން އެގޮތް ކަމުނުދިޔަ ނާއިލު އޭނާގެ ކޮއްކޮގެ ކޮނޑުގައި ދެއަތުން ހިފާ ތަޅުވައިގަންނަން އުޅުނެވެ. ރުޅި ގަދަވަމުން ދިޔަ ނަވާލު ފަހަތަށް ހަށިގަނޑު އިތިކޮއްލާފައި ނާއިލުގެ އަތުން ނެއްޓިގަތްވަގުތު، އޭނާގެ ގައިގާ ހުރި ބާރަކާއިއެކު ނާއިލުގެ މޭގައި އަޅައި ކޮއްޕާލައިފިއެވެ. ނުވިސްނާހުރި ނާއިލު އެއްފަރާތަކަށް އަރިއަޅާލުމާއިއެކު ކައިރީގައި ފެންނަން ހުރި، ކޮންކުރީޓުގަނޑު ތެރެއަށް ޖަހާފައި ހުރިތަނުން ކުރު ދަގަނޑެއްގައި ޖެހި މީހާ މައިތިރިވިއެވެ. ނަމަވެސް ކުއްލި ސިހުމެއްލިބިފައި ހުރި ނާއިލަށް އޭނާގެ ފައިތިލަ ހުރި ހިސާބާމެދު ވިސްނާ ނުލެވުނުކަމީ އޭނާގެ ނަސީބު ދެރަކަމެވެ.

“ނާއިލު…” މޭޒާއި އޭގެމަތީގައި ހުރި ބިއްލޫރި ޖޫސްޖަގު ވެއްޓި ފުނޑުފުނޑުވި އަޑާއިއެކު ދެންފެނުނީ ނަވާލާއި ދިމާލަށް ދުވެފައި އަންނަ މަނާރެވެ. އޭނާގެ ފަހަތުގައި ހުއްޓުން އަރާފައި ދެލޯބޮޑުކޮއްގެން ބަލަން ހުރި މޯނާއަށް އެއްވެސް ހަރަކާތެއް ގެންނާކަށް ނޭނގުނެވެ.

ނާއިލު އޮތީ ސީޓުން ބޭރަށް އެލިފައެވެ. އޭނާގެ ވާތުގައި ހިފަހައްޓައިގެން ގުދަށް އޮތީ ނަވާލެވެ. ދެމީހުން ކުރެ އެކަކުވެސް އަނގައިންނެއް ނުބުނެއެވެ. ދެލޯ ބޮޑުކޮށްގެން ނާއިލު ބަލަމުން ދިޔައީ އެއްފަހަރު ނަވާލުގެ މޫނަށެވެ. އަނެއްފަހަރު އޭނާގެ އަތުގައި ހިފަހައްޓާފައިވާ ނަވާލުގެ އަތްތިލަށެވެ. ސިކުނޑީގައިވަނީ އެތަށް ސުވާލެއް އުފެދިފައެވެ. ވާހަކަނުދެކެވުނު ކަމުގައި ވިޔަސް ނާއިލުގެ ލޯ ނަވާލާއި ވާހަކަދެއްކިއެވެ. އެހެންނަމަވެސް ހީވަނީ އަލިފާންފަރުބަދައަކަށް ކެތްނުކުރެވިގެން އޭތި ގޮވާފައިވާހެނެވެ. ކެކިކެކި ހުރި އަލިފާންތައް ބުރަބުރައިގެން ދަނީއެވެ.

“ނަވާ…” ދުވަހަކުވެސް ބިރު ނުގަންނަހާ ވަރަށް ބިރުވެރިކަން އިޙްސާސް ކުރެވިގެން ދިޔަ ނާއިލުގެ ދުލުން މިހެން ބުނެލެވުނީ ވައި އަޑުން ކަހަލަ ގޮތަކަށެވެ. ވައިގެ ތެރޭގައި ބާރު ސްޕީޑުގައި ވެއްޓެމުން ދިޔައިރު އޭނާގެ ދެލޯ މަރާލީ މުޅި އުމުރަށް އެދެލޯ މަރާލަންވީ ވަގުތު ޖެހިއްޖެކަމުގައި ދެކިގެންނެވެ. އެކަމަކު ޖަވާބު ހޯދަން ބޭނުން ސުވާލުތަކެއް ހިތާ ސިކުނޑީގައި ފޮރުވިފައިވާ ހާލުގައެވެ. އެއީ ނަވާލު، ނާއިލުގެ އަތުން ދޫކޮއްލީ ކީއްވެކަމެވެ. މަނާރުގެ ބާރު ހަޅޭކުގެ އަޑު ނާއިލުގެ ކަންފަތުގައި ހަރުލާފައި ހުއްޓެވެ.

ނަވާލު ވިދުވަރެއްހާ އަވަސްކަމާއިއެކު ތެދުވެ މަނާރުގެ ގައިގާ ހިފަހައްޓަން މަސައްކަތްކުރިއެވެ. ނަމަވެސް ދުވަމުން ދުވަމުން ސިޑިން ފައިބައިގެން ދިޔަ މަނާރުގެ ހަޅޭކުގެ އަޑު މުޅި ގޭގެ ފާރުތަކުގެ ތެރޭ ގުގުމައިގެން ދިޔައެވެ. ގޯތިތެރެއަށް އެއްޗެއް ވެއްޓުނު އަޑުއިވުމާއިއެކު މަނާރުގެ ހަޅޭކުގެ އަޑުވެސް ނީލްއަށް އިވުނީ ދާދި އެކުއެކީގަހެންނެވެ. ދުވެފައި އެންމެ ފުރަތަމަވެސް ދެވުނީ އަޑުއައި ދިމާލަށެވެ. ހަތަރެސްފައިގެ ތަރުތީބު ގެއްލި އެތަން މިތަނުން ބިންދައިގެން ގޮސް ނިތްކުރީގެ ބޮޑުބަޔަކާއިއެކު މުޅި ހިސާބަށް ރަތްކުލަ ގަދަ ލޭވަނީ ފެތުރެން ފަށާފައެވެ. އަޑުގެ ނެތްކޮޅަށް ސަމީރާއަށް ގޮވާލުމާއިއެކު ދެން ގޮވުނީ ދާޢޫދަށެވެ. އޭރު ޚަބަރު ހުސްވެފައި އޮތް ނާއިލު ލެޔާކަޅިވަމުން ދިޔައެވެ.

އެބިރުވެރި ހާދިސާއަށްފަހު ނާއިލުގެ ލޯ އެންމެ ފުރަތަމަ ހުޅުވާލި ވަގުތުވެސް ހީވީ ބޮލަށް އެނބުރުން އެރިހެންނެވެ. އޭނާގެ ފުރާނަ ސަލާމްވެއްޖެކަން އެނގުމުން ދެން ވިސްނާލެވުނީ އޭނާ އޮތް ހާލާމެދުއެވެ. އެއީ ހަމައެކަނި ފުރާނަ ސަލާމަތްވިޔަސް އޭނާއަކީ ފުރިހަމަ އިންސާނަކަށް ވާނެކަމާއިމެދު އެއްވެސް އިތުބާރެއް ނެތީމައެވެ. ފެންނަ ފެނުންވެސް ވަނީ ބަދަލުވެފައެވެ. ދެމީހުން ނޫނީ ހިޔަނި ހުންނަހެން އޭނާއަށް ހީވެއެވެ. ހަށިގަނޑުގައި ބެންޑޭޖުކޮޅެއް ނުވާ އެންމެ ތަންފުކެއްވެސް ނުވެއެވެ. މީހާ ހީވަނީ މަސްތުވެފައި ހުރި މީހެއްހެނެވެ. އެއާއިއެކު ދެން ބަލާލެވުނީ ގުޅާފައި ހުރި އައިވީ ތަކަށެވެ. އެކަކުވެސް ފެންނާކަށް އޭރުނެތެވެ. އެތަނުގައި ނާއިލު ނޫން އެތަށް ބަޔަކު ތިއްބެވެ. އޮވެވުނީ ހޮސްޕިޓަލެއްގައި ކަމަށްވިޔަސް އެއީ ރާއްޖޭގެ ހޮސްޕިޓަލެއް ނޫންކަން އޭނާއަށް ޔަގީން ކުރެވުނެވެ. ބޯހިއްލާލަން މަސައްކަތް ކޮއްލާފަވެސް އެއްވެސް ހަކަތައެއްނެތިގެން އަނެއްކާވެސް އޭނާ ދެލޯ މަރާލީއެވެ. ދެން އޭނާއަށް ހޭވެރިކަމެއްވީ ޑޮކްޓަރުންނާއި ޢާއިލާ މީހުން ގާތުގައި ތިއްބައެވެ. އޭރު އޭނާ އޮތީ ކުރިންއޮތް ތަނަކު ނޫނެވެ.

މަޑުމަޑުން ލިބެމުންދިޔަ ފަރުވާގެ ސަބަބުން ނާއިލުގެ ފެނުން ރަނގަޅުވެ، ހަށިގަނޑުގައި ވަރުޖެހެންފެށިއެވެ. ނަމަވެސް އޭނާގެ އެއްވެސް ގުނަވަނެއް ހަރަކާތެއް ނުކުރެވުނެވެ. ޑޮކްޓަރުންގެ އެތަށް މަސައްކަތަކަށްފަހުވެސް އެކަން ކާމިޔާބެއް ނުވިއެވެ. އެއީ ސަބަބަކާ ނުލައެއްވެސް ނޫނެވެ. ރިހޭފައިމައްޗަށް ފޮއެވެއްޓުނީމަ ވާނީ އެހެންތާއެވެ. ކުރެވުނު ހުރިހާ އުންމީދެއް ފެނަށްވެގެން ދިޔައީއެވެ. ވެވުނު ލޯބިވެސް ބީވެގެން ދިޔައީއެވެ. މި ހާދިސާއަށްފަހު އޭނާގެ ލޮލަށް ފެންނަ ހިސާބަށް ނަވާލު ނުވެސް އާދެއެވެ.

މެންދުރުގެ ވަގުތެވެ. އެނދުގައި އަބަދު އޮންނަން ޖެހިފައިވާތީ ނާއިލު ފޫހިވެ ވަރުބަލި ވާގޮތްވުމުން ދެލޯ މަރާލީ ސިކުނޑިއަށް ލުއެއްދޭނަމޭ ހިތާއެވެ. ނަމަވެސް އޭނާއޮތް ކޮޓަރީގެ ދޮރު ހުޅުވާލާފައި ވަނީ މޯނާ އާއި މަނާރެވެ.

“ނިދާފަތަ…” މަޑުމަޑުން އެނދު ކައިރީ އިން ނީލްގެ ގާތުގައި މަނާރު އަހާލި އަޑުއިވުނެވެ. އެއަޑު ސާފުކޮށް އިވުނެއްކަމަކު ނާއިލު ލޯހުޅުވާކަށް ބޭނުމެއްނުވިއެވެ.

“އަޅުގަނޑުމެން މަޑުކޮއްލަ ފާނަން” މަނާރު އެހި އެއްޗަކަށް އަނގައިން ނުބުނެވިގެން އުޅެނިކޮށް މޯނާވެސް ސިއްރުސިއްރުން ބުނެލައިފިއެވެ. ނީލް ބޯޖަހާލަމުން އެކޮޓަރިން ނުކުންނަން ހިނގައިގަތެވެ.

“ނާއިލް އާއި ވާހަކަ ދައްކައިފިންތަ” މޯނާ ކުރިން ނީލް އިން ގޮނޑީގައި އިށިންނަމުން އަހާލިއެވެ.

“ނުކެރޭނެ ވާހަކަދައްކާކަށް، މޫންތާ، އަހަރެން މިވިސްނަނީ ފުރަންވެގެން” މަނާރުގެ ނަޒަރު ނާއިލަށް ހުއްޓާލައިގެން އިނދެ ބުނެލިއެވެ.

“އެއީ ކީއްވެ، މިކަމާ ހެދިތަ” މޯނާ، މަނާރުގެ ނިންމުމާމެދު ހިތްހަމަ ނުޖެހުނު ކަމުގައި ވިޔަސް އެކަން ފާޅެއް ނުކުރިއެވެ.

“ނާއިލު ވެއްޓެންވީ ސަބަބެއް އަހަންނަކަށް ނުވިސްނުނު، އަހަރުމެން ދެމީހުންކުރެ އެކަކަށްވެސް އޭނަ ވެއްޓެނިކޮށް ނުފެނޭ، ފެނުނީ ނަވާ، ނާއިލުގެ އަތުގައި ހިފައިގެން ގުދަށް އޮއްވަ، އަހަރެން ނަވާ ގާތު ވަރަށް ގިނަ ފަހަރު މަތިން، އެކި ގޮތްގޮތަށް އަހައިފިން، އޭނާ އެއްގޮތަކަށްވެސް އެވާހަކަ ދައްކާކަށް ބޭނުމެއްނުވޭ، އަހަންނަށް ކިޔާ ނުދިނަސް މޫންތައަށް ކިޔާދޭން ވެއްޖެއެންނު، އެކަމެއްވެސް ނުވި… މިކަމުގަ ކޮންމެވެސް ކަމެއް ނަވާ ސިއްރު ކުރާހެންވެސް މަށަށް ހީވޭ، އަނެއްކާ…” މަނާރު ބުނަން އުޅުނު އެއްޗެއް މޯނާ ހުއްޓުވިއެވެ.

“މަނާރް، ތިކަހަލަ ގޯސް ޚިޔާލެއް ގެންނަންވެސް ނުވާނެ، ނަވާގެ ބޭބެއޭ އެއީ، އޭނާ ކީއްކުރަން އެކަހަލަ ބޮޑު ދެރައެއް އަމިއްލަ ބޭބެއަށް ދޭންވީ، ދެން މިވާހަކަ ހުއްޓާލާ، އަހަރުމެން ދެމީހުންވެސް އިތުރަށް މިކަމާ ވާހަކަނުދެއްކުން އެންމެ ރަނގަޅު ގޮތަކީ” މޯނާ އަވަސް އަވަހަށް ބުނެލިއެވެ.

“އެވްރިތިންގް އިސް ސޭމް ފޯ ޔޫ، އެކަމަކު މައި ލައިފްގެ ހުރިހާ ކަމެއް އެކޮޅުކޮޅުން ޖެހިފަ މިވަނީ، އެހެންވީމަ ހިތަށް އަރުވައިގެން ނުވާނެ ކިތަންމެ އެއްޗެއް ހިތަށް އަރާނެ ދޯ” މަނާރުގެ މޫނު މަތިން އޭނާ އިނީ ވަރަށް ދެރަވެފައިކަން އެނގެއެވެ.

“އެނގޭ ތިކަންވެސް” މޯނާ ބުނެލިއެވެ. އިރުގަނޑެއްވަންދެން އިނދެފައި މަނާރު ހިނގައިގަތީ އެތަނުން ނުކުތުމަށެވެ. އޭނާގެ ފަހަތުން މޯނާވެސް ދިޔައެވެ. ކޮޓަރީގެ ދޮރު ހުޅުވާލައިގެން ހުރެ މޯނާ، މަނާރު އާއި ސުވާލު ކުރިއެވެ.

“ކޮންތާކަށް ތިދަނީ، ނަވާގެ ތުއްތޮން އަންނަންދެން މަޑެއް ނުކުރާނަންތަ” މޯނާ ހައިރާންކަމާއިއެކު ސުވާލުކުރިއެވެ.

“އާން، އަހަރެން ގޮތެއް ނިންމައިފިން، ދެން އިތުރަށް މިތަނުގައި މަޑުކުރާކަށް ބޭނުމެއްނޫން، އަހަރެންގެ ހުވަފެންތަ ހަޤީޤަތަކަށް ނުވާނެކަން ޔަގީން، އެހެންވީމަ ބޭނުންވަނީ މިހުރިހާ މަންޒަރުތަކެއް ނުފެންނާނެހާ ދުރަށް ދާން، މި ނުބައި ހުވަފެނުން ހޭލަން، ނާއިލުގެ މަތިން ހަނދާންނައްތާލަން” މަނާރު ބުނެލިއެވެ.

“އެކަމަކު މީ ނާއިލުއަށް ކޮއްކޮގެ އެހީ އާއި ހިތްވަރު އެންމެ ބޭނުންވާނެ ދުވަސްވަރު” މޯނާ ވިސްނައިދޭން ބޭނުންވާ ފަދަ ގޮތަކަށް ބުނެލިއެވެ.

“އަހަރެންގެ ޚިޔާލު ދެން ބަދަލެއް ނުވާނެ” މަނާރު ހަރުކަށިކަމާއިއެކު ބުނެލީ މޯނާ ނާއިލުގެ ވާހަކަ ހުއްޓާލާތޯއެވެ.

“ހީކުރެވުނީ ނާއިލުދެކެ ކޮއްކޮ ލޯބިވާކަމަށް، އޭނާ އާއިއެކު ދިރިއުޅެން ބޭނުންވާކަމަށް” މޯނާއަށް ބުނެވުނެވެ.

“އައްޗީ… އަހަންނެއް ނޫޅެން… މޫންތައަކަށް ނޭނގޭތަ ޑޮކްޓަރުން ބުނިއެއްޗެއް، މަށަކަށް އެބުރައެއް ނޫފުލޭނެ” މަނާރު މިހެން ބުނެލީ އެއްވެސް ވިސްނުމެއްނެތިއެވެ. އޭރު އެއަޑު ނާއިލުއަށް އިވެމުންދިޔަކަމެއް އެތަނުން އެކަކުވެސް ނުދެނަހުއްޓެވެ.

“ސާބަސް ހަމަ، ތިހެން ބުނަންކުރެނުކަން… އެހެންވީމަ ހަޤީޤީ ލޯތްބެއްނޫންތާ ތިވެވުނީ” މޯނާ އިތުރަށް އެއްޗެއް ބުނާކަށް ބޭނުމެއްނުވިއެވެ.

“ނާއިލަށް އަހަރެން ގޮވައިގެން އަހަރެން ބޭނުންވާ ގޮތަކަށް ދެން ނޫޅެވޭނެ، ނަސީބެއްކަންނޭގެ ކައިވެންޏަކާއި ހަމައަށް މިގުޅުން ނުދަނިސް މިކަހަލަ ކަމެއް ދިމާވިކަން…” މަނާރުގެ ވާހަކަތަށް އަޑުއިވި ނާއިލުގެ ސިކުނޑި ހާސްކުރުވިއެވެ. ހިތްދަތިވެގެން ގޮސް ހިތުގެ ނާރުތައް ފަޅަފަޅައިގެން ދާން އުޅޭ ކަހަލަގެ އިޙްސާސްއެއް ކުރެވުނެވެ.

* * * * *

ދެލޯ މަރާލައިގެން އޮތް ނާއިލު ހާސްވެގެން ތެޅިގަންނަހެން މީހާ ތެޅިގަތެވެ. ކުއްލިއަކަށް ހުޅުވާލި ލޮލާއިއެކު އޭނާއަށް ފެނުނީ ފަންދިގު އިސްތަށިގަނޑުގެ ބޮޑުބަޔަކާއި ނިވާވެފައި ހުރި ޝަބާގެ މޫނެވެ.

“ނާއިލް…” ހާސްވެފައި އިން ޝަބާއަށް ނާއިލުގެ މޫނުގައި ދެއަތުން ހިފަހައްޓާލެވުމާއިއެކު އޭނާގެ މޫނާ ގާތްވާނޭހެން ގުދުވެލެވުނެވެ. ފުންނޭވާތަކެއް ލަމުން ނާއިލު ހަމައަކަށް އެޅެން މަސައްކަތް ކުރަމުންދިޔައެވެ. އޭނާގެ ސިކުނޑީގެ ނާރުތަކަށް ބާރުފޯރުވަމުން ދަނީ މަނާރުގެ ޚިޔާލުތަކެވެ. އަވަސް އަވަހަށް ދިގުއިސްތަށިގަނޑު ނަގާ ހުޅިއަކުން ގޮށެއްޖަހާލި ޝަބާގެ ހަށިގަނޑު ފާޅުކަން ބޮޑުގޮތަކަށް ފެނިގެން އެވަގުތު ދިޔައެވެ. އެކޮޓަރީގައި އަލިކަމެއް ނެތްކަމުގައި ވިޔަސް އެރީތި ސޫރަ އާއި އެރީތި ހަށިގަނޑުގެ ވަނާތަށް ނާއިލުގެ ލޮލަށް ފެނުނީ ދުވާލުގެ އަލިކަމުގެ ތެރެއިން ފަދައެވެ.

“ޝަބާ…” މަޑުމަޑުން ޝަބާގެ ނަމުން ނާއިލު ގޮވާލިއެވެ. އެހިނދު ޝަބާ ހިނިތުންވެލިއެވެ. އޭނާގެ ދެލޯވެސް އެހިނިތުންވުމުގައި ބައިވެރިވި ކަހަލައެވެ. ނާއިލުގެ ބާރެއްނެތިފައި އޮތް އަތްތިލަ ނަގާ އަމިއްލަ މޫނުގައި ޝަބާ ޖައްސާލިއެވެ. މަޑުމަޑުން މަރާލި ދެލޮލާއިއެކު އޭނާގެ ހަށިގަނޑުގައި ނާއިލުގެ އަތްތިލަ ބީއްސާލުމަށް ފުރުޞަތު ދެމުންދިޔައެވެ. ނާއިލުގެ ބާރުވަމުންދިޔަ ސިކުނޑީގެ ނާރުތަކަށް ލުޔެއްލިބި މުޅިން އެހެން ދުނިޔެއަކަށް ދަތުރުފަށަން އޭނާ ބޭނުންވި ހިނދު ލޮލުގައި އަޅައިގަތީ ޝަބާގެ ދޮންހަށިގަނޑުގައި ހުރި އަތްތިލައިގެ ނިޝާނުގައެވެ. ކަރުގައި ރަތްވެފައި ހުރި އަތްތިލާގެ ނިޝާނަކީ ނާއިލުގެ އަތުން ޝަބާގެ ހަށިގަނޑަށް އަރާފައި ހުރި ނިޝާނެއް ނޫންކަން އޭނާއަށް ޔަގީންވާއިރު އެކަމާ ސުވާލު އުފެދުނެވެ. ވަގުތުން ސިކުނޑި ނިންމުން ނިންމާލުމާއިއެކު އެޖަވާބު ހިތާއި ހަމައަށްވެސް ފޮނުވާލައިފިއެވެ. ކުރެވުނު ތޫނު ތަދުގެ އިޙްސާސާއިއެކު “ބޭވަފާތެރިއެއްގެ” ނަން ޝަބާއަށް ދެވި ނިމިއްޖެއެވެ.

“ދުރަށްދޭ… މަށާ ކައިރިނުވޭ…” ވަރަށް ބާރަށް ނާއިލު ހަޅޭލަވައިގަތެވެ. ޝަބާވެސް ދިޔައީ ސިއްސައިގެންނެވެ. ހުއްޓުން އަރާފައި އިންގޮތަށް އިންދާ ދެވަނަ ފަހަރަށްވެސް ނާއިލު ހަޅޭލަވައިގަނެއްޖެއެވެ. ރޮވެން ކައިރިވެފައި އިން ޝަބާ އަވަސް އަވަހަށް އެނދުން ފައިބައިގެން ތިރީގައި ހުރި އަންނައުނުތައް ހިފައިގެން ދުވެފައި ގޮސް ފާޚާނާއަށް ވަދެއްޖެއެވެ.

ހަމަހިމޭންކަމުގައި ގަޑިއިރުތަކެއް ވޭތުވެގެންދިޔައިރު ފާޚާނާއަށް ވަން ޝަބާ އެތަނުން އަދިވެސް ނުނިކުމެއެވެ. އެނދުގައި އޮތް ނާއިލުގެ ހިތަށް އިޙްސާސް ކުރެވުނު ތަދުގެ އިތުރުން އެތަށް އުނދަގޫތަކެއް ހިތަށް ވާންފެށިއެވެ. ޝަބާއަށް ކަމެއްވީބާއޭ  ހިތާ އޭނައަށް ގޮވާލަން ނާއިލުގެ ހިތަށް އެރިއެވެ. އެހާ ގިނައިރު ވެގެން ދިޔައިރުވެސް ޚަބަރެއްނުވުމުންނެވެ. ނަމަވެސް ތިރީތުންފަތުގައި ދަތްއަޅާލިލެއް ބާރުކަމުން ހީވީ އޭނާގެ ދުލުން ޝަބާގެ ނަން ބޭރުވެދާނެތީ ކުރިކަމެއްހެންނެވެ. ދެލޯމަރާ ތަގުޅިކޮއްލައިގެން މަޑުމަޑުން ދެފަރާތަށް ބޯހޫރަމުންދިޔައެވެ. ދޭތެރެއަކުން ކުއްލި ކުއްލިއަށް ލޯ ތަންމިނަށް ހުޅުވާލައެވެ. ކުޑަކުޑަ ހިނދުކޮޅެއްގެތެރޭ ނާއިލުގެ ސިކުނޑީގައި ޝަބާގެ ސޫރަ ކުރެހި ނިމިއްޖެއެވެ. އެހިނދުކޮޅުގެ ތެރޭގައި އެތައްހާސް ބުނެދޭންނޭނގޭ ގޮތްތަކެއް ޚުދު ނާއިލަށްވެސް އިޙްސާސް ކުރެވިގެން ދިޔަކަމާއިމެދު އޭނާއަށްވެސް ދެކޮޅެއް ނުހެދޭނެއެވެ. ދުލުން ނުބުނި ކަމުގައިވިޔަސް އޭނާގެ ނަފްސު ޝަބާއަށް ގޮވާލިކަން ގައިމެވެ. ނަމަވެސް އެއީ ވަރަށް ކުޑަކުޑަ ހިނދުކޮޅެއްގެ އިޙްސާސްތަކެކެވެ. އެއަށްވުރެ އޭނާ އެވަނީ ޝަބާދެކެ ފޫހިވެފައެވެ. ކުރެވެމުން އައި ޝައްކުތަކުގެ ހެކި މިރޭ އޭނާއަށް ފެނިއްޖެކަމުގައި ޔަގީން ކުރެވުނީއެވެ. އެއްފަހަރުވެސް އޭނާއަށް ހީވާ ގޮތަކީ ހަޤީޤަތް ނޫންކަމާއިމެދު ވިސްނާލަން ބޭނުންވެސް ނުވީއެވެ.

ފާޚާނާގެ މަތިގަނޑުމަތީ އިށީނދެލައިގެން ހެދުމުގެ ބަޔަކުން ހަށިގަނޑު ނިވާކޮއްލައިގެން އިން ޝަބާ އިނީ މެޔާއި ދިމާލުން ދެއަތް ހުރަސްކޮއްލައިގެންނެވެ. މޫނުމަތިން އެއްވެސް އަސަރެއްނުފެނުނު ކަމުގައިވިޔަސް އެދެލޮލުގައިވަނީ ކަރުނައިގެ ސައިލެއް އުފެދިފައެވެ. ދެކަކޫޖައްސާ ބާރުކޮއްލައިގެން އެއްފައިތިލާގެ މައްޗަށް އަނެއްފައިތިލަ އަރުވާލައިގެން އިންއިރު ހީވަނީ އޭނާއަށް އިނދެވުނު ތަންވެސް ހަނދާންނެތިފައިވާހެނެވެ.

“އަހަރެން މަސައްކަތް މިކުރަނީ ނާއިލު އާއިއެކު ރަނގަޅު ދިރިއުޅުމެއް އުޅެވޭތޯ، އެކަމަކު މިރޭ އަހަރެން ލަދުގަތް ވަރަށް ދުވަހަކުވެސް ލަދެއްނުގަނޭ، ފޮޅިފައިވާ މަލުގެ ފިޔަތަކުގެތެރެއިން އެމަލުގެ ކަރުގަނޑު މާބުރަށް ދައްކާލަނީ ފަހަރެއްގަވެސް ލަދުނުގަންނާތި ނޫންކަން ނާއިލަށް ކީއްވެތަ ނޭނގުނީ، ފިރިހެނުންނަކީ އަމިއްލަ އެދުން ބޮޑު ބަޔަކީތަ، ނޫނީ އެމީހުންގެ މޭގައި ހިތެއް ނުވަނީތަ، ތަދު އިޙްސާސްވަނީ ހަމައެކަނި އަންހެނުންނަށްތަ… އަހަރެން ރުޅިއަންނަން ބޭނުން، ކީއްވެތަ ނާއިލުދެކެ ރުޅި ނާދެވޭންވީ، ކީއްވެތަ ފިރިމީހާގެ ގޮތުގައި އޭނާ ބަލައިގަންނަން އަހަރެންގެ ނަފްސު އެދެނީ، އެއީ ރަނގަޅު ގޮތްވީމަތަ… އަނބިފިރިކަމުގެ ގުޅުމަކީ ކިހާ މަތިވެރި ގުޅުމެއް، އެކަމަކު ނާއިލަށް އެދެން އެނގުނީ މިގޮތަށްތަ، ގާތްކަމެއް އޯގާތެރިކަމެއް ނެތް ގޮތަކަށްތަ… ކީއްވެ… އަހަންނަށް އެދުނީ ޚުދު ނާއިލު، ނަވާލު ކަހަލަ ރަޙުމްކުޑަ މީހަކަށް ނާއިލުވެސް ވަނީތަ… މީ ޢާއިލީ ވާރުތަ ކުރުމެއްތަ… މިހެންމިވީ ކީއްވެކަން އެނގެން ބޭނުން، އަހަންނަކީ ފިރިހެނުން ބޭނުންހާ ގޮތަކަށް ކުޅެން ގެންގުޅެވޭނެ ބުދެއްނޫން” އިސްޖެހިފައި އިނދެ ރޮމުން ދިޔަ ޝަބާއަށް ޝަކުވާކޮށް އަމިއްލަ ޒަމީރާ ސުވާލު ކުރުން ނޫންކަމެއް ނުކުރެވެއެވެ.

ނިދުނީ ކިހާއިރަކު ކަމެއް ނާޢިލަކަށް ނޭނގެއެވެ. ހޭލެވުނީ ކޮޓަރީގެ ތެރެއިން ރުއިމުގެ އަޑުއިވިގެންނެވެ. ނިދި ބަރުކަމާއިއެކު ހުޅުވާލި ދެލޮލުން ވަށައިގެން ހޯދާލެވުނެވެ. މީހަކު ފެންނާކަށް ނެތެވެ. އެކަމަކު އޭނާގެ ކަންފަތަށް އިވެނީ މަޑު ރުއިމެއްގެ އަޑެވެ. ދެލޯ މަރާލުމަށްފަހު އަޑު އަންނަ ދިމާލަށް ނާއިލު ސަމާލުވެލިއެވެ. އެއަޑު އަންނަނީ އެނދުގެ ފައިލާ ކޮޅާ ދިމާ އެއްފަރާތަކުންނެވެ. އެދިމާލަށް ބަލަހައްޓައިގެން އޮއްވާ ނާއިލު ދިޔައީ ސިއްސައިގެންވެ. ހުދުކުލައިގެ ނަމާދުދޮޅީގައި އިން ޝަބާ ތެދުވިތަން ފެނިފައެވެ. ޝަބާ ނަމާދު ކުރަނީއެވެ. ސަޖިދައިގެ އޮވެ ރޮނީއެވެ. އެމަންޒަރު ނާއިލުގެ ހިތަށް ވަދެގެންދިއުމާއިއެކު މީހާގެ މުޅިހަށިގަނޑަށް ހީވީ ފިނިފިނި ވައިރޯޅިއެއް ޖެހިލިހެންނެވެ. ޝަބާދެކެ އައިސްފައިވާ ގަދަ ރުޅި އާއި ހިތުގައި އުފެދުނު ހިތްހަމަ ނުޖެހުން އޭނާ އާއި އިރުކޮޅަކަށް ނަމަވެސް ދުރަށް ދިޔަ ކަހަލައެވެ. ލޯބިވެތި ނަޒަރަކުން ނާއިލަށް އެ އަންހެން ކުއްޖާއަށް ބަލާލެވުނީ ބޭއިޚްތިޔާރުގައެވެ. ޝަބާގެ ރަނގަޅު ސިފަތަކާއިމެދު ވިސްނާލަން ނާއިލަށް މީހަކު މަޖުބޫރު ކުރުވާ ކަހަލައެވެ. އޭނާގެ ހިތާ ނުފެންނަ މީހަކު ވާހަކަދައްކާ ކަހަލައެވެ. އަމިއްލަ ޒަމީރަށް ވިސްނާދޭން އުޅޭކަހަލައެވެ. ޝަބާ އާއިމެދު ކުރެވެނީ ކުއްހީތަކެއް ކަމެވެ. އެއަންހެން ކުއްޖާގެ ސާފު ތާހިރު ކަމެވެ. ނަފްސުގެ އާއި އެރީތި ޖިސްމުގެ ތާހިރުކަމެވެ. ނާއިލުއަކީ ފުރިހަމަ ފިރިހަނަކަށް ޝަބާ ހަދައިދޭނެކަމެވެ. ޝަބާގެ އޯގާތެރިކަމެވެ. އެފަދަ އޯގާތެރިކަމެއް ނާއިލަށް ބޭނުންވާކަމެވެ. މިހުރިހާ ކަމެއް އޭނާއަށް ހަނދާންކޮއްދެނީ ކާކުބާއެވެ. އަމިއްލަ ހިތާ އެތައް ފަހަރަކު އެ ސުވާލު ކުރެވުނެވެ.

ނަމާދު ދޮޅި ބޭލުމާއިއެކު ވަރުބަލިވެފައި ހުރި ޝަބާގެ ހަށިގަނޑު މުއްސައްލައިގެ މަތީގައި އަރިއަކަށް ދަމާލަން މަސައްކަތް ކުރިއެވެ. ފަސޭހަ ކަމަކަށް ނުވިޔަސް އޭނާ ކޮންމެވެސް ގޮތަކަށް ހަމަޖެހިލައިފިއެވެ. ދެލޮލަށް އެއްގޮތަކަށްވެސް ނިދި ސަވާރުވާ ގޮތެއްނުވިއެވެ. ނާއިލު އޮތީ ހޭލާކަމެއްވެސް ޝަބާއަކަށް ނޭނގެއެވެ. އެކަން އެނގުން އޭނާއަށް އެވަގުތު މުހިއްމެއްވެސް ނޫނެވެ. އެއަށްވުރެ އޭނާ ހުރީ ހާސްކަން ބޮޑުވެ މީހާ ވަރުބަލިވެފައެވެ. އާ ދުވަހަކަށް އިރުއަރަން ތައްޔާރުވާއިރު ނީލް އާއި މީކާ އާއި ކުރިމަތިލާނެ ގޮތަކާއިމެދުވެސް އޭނާއަށް ވިސްނެނީއެވެ. ހަދާނެ ގޮތެއް ބުނާނެ އެއްޗެއް އެސިކުނޑިއަކަށް ނާދެއެވެ. އަދިވެސް އޭނާ ބޭނުންވަނީ އެއިން އެއްވެސް ކަމެއް ނާއިލަށް ނޭނގުމެވެ.

ދޮރުގައި މީހަކު ވަރަށް ބާރަށް މެދު ކެނޑުމެއްނެތި ޓަކި ޖަހަމުން ދާއަޑަށް ނިދަން ނޯވެވިގެން ލީލާ ނުކުތެވެ. އޭރު ނަވާލުގެ ކޮޓަރި ދޮރުގައި ތަޅަނީ ނީލެވެ. އޭނާގެ މޫނުމަތިން ފެންނަނީ ހިތްހަމަ ނުޖެހިފައި ހުރިތަނެވެ. ރޭގަނޑުގެ ދަންވަގުތަކު ނީލް އެހާވަރަކުން ބޭނުންވެގެން އެއުޅެނީ ކޮންކަމެއްބާއޭ ލީލާގެ ހިތަށް އެރިއެވެ. އެއްޗެއް އަހާލަން އުޅެފަވެސް ނީލް ބަލާލިގޮތުން އަވަހަށް ބިރުން ބިރުން ލީލާ އެނބުރި ކޮޓަރިއަށް ވަދެ ދޮރުލައްޕައި ފިއެވެ. ދުވަހަކުވެސް ނީލްގެ މޫނުމަތިން އެފަދަ ކުލަވަރެއް މީގެ ކުރިން ލީލާ ނުދެކެއެވެ. ކޮންމެވެސް ބޮޑު ކަމެއްވެއްޖެހެން ލީލާގެ ހިތަށްއެރިއެވެ.

“ނަވާލު، މިދޮރު ހުޅުވާ…” ބާރު އަޑުން ނީލް އަމުރު ކުރިއެވެ.

ދޮރުފަތުގައި ލެނގިލައިގެން ނިތްކުރީގައި އެއްއަތުން ހިފަހައްޓާލައިގެން ހުރިއިރު ނަވާލު ވަނީ ދާހިއްލާ ފޯވަން ފަށާފައެވެ. އޭނާއަކީ ކަންކަމަށް ފަސްނުޖެހޭ ކެރޭ މީހަކަށް ވިޔަސް މިފަހަރު އޭނާ ހުރި ޖެހިލުންވެ ހާސްވެފައެވެ. ނަވާލު އޭނާގެ ޢަމަލުތަށް އަބަދުވެސް ބަހައްޓަނީ ޢާއިލާ މީހުންގެ ރުހުން ލިބޭ ގޮތަށެވެ. ފުންނޭވާއެއް ބޭރު ކޮއްލުމާއިއެކު ދެލޯ މަރާލިއެވެ.

* * * * *

“ސަމީރާ، ރޮއެ ހިތާމަ ކުރުމަށްވުރެ މީ ކެތްތެރިވާންވީ ވަގުތު، އަހަރުމެންގެ ދަރިއަކީ ހަމައެކަނި ނާއިލެއް ނޫން، އެހެން ކުދިންވެސް އެބަތިބި، މި ހާދިސާގެ ސަބަބުން އެކުދިންނަށް ދޭންވާ ސަމާލުކަން ކުޑަކޮށްގެން ނުވާނެ، މިހާރު އެކަމަށްވެސް ފުރިހަމަ އެއްއަހަރު  ފާއިތުވެ ދިޔައީ” އަސްލަމް އިންނެވީ ކަންބޮޑުވެލައްވާފައެވެ.

“ނާއިލު ރަނގަޅުވާން މަސައްކަތެއްވެސް ނުކުރޭ، ކީއްވެ ކަމެއް އެއްގޮތަކަށްވެސް ނޭނގެ، މަތީގައި ހުރި އޭނާގެ ކޮޓަރިއެކޭ އެއްވެސް ތަފާތެއްނެތް ގޮތަކަށް ތިރީގައި ހުރި ބޮޑު ކޮޓަރި ތައްޔާރުކޮއްދިނީ، އެވެސް އޭނާއަށް އެއްވެސް ކަމެއް ބަދަލު ނުވާކަން އަންގާދޭންވެގެން ކުރި ކަމެއް…” ސަމީރާ އަދިވެސް އިނީ އަސްލަމްގެ ކޮނޑުގައި ބޯއަޅާލައިގެން ރޮވިފައެވެ.

“އެދަރިފުޅަށް ވަގުތު ދީ، ހާދިސާގެ ބޮޑުކަމުން އޭނާ ގަނެފައި ހުރި ބިރު ފިލުވާލުމަކީ އެހާ ފަސޭހަކަމެއްނޫން، އެކަމުގެ ސަބަބުން ނަވާލަށްވެސް އަސަރުކޮއްފައިވާކަން އަހަރުމެން ހަނދާންނައްތާލައިގެން ނުވާނެ، އެއް އަހަރު ފަހުން އެދެބެން ވާހަކަވެސް އެ ދެއްކީ، ހަނދާންވޭތަ ނަވާލު މީހަކާ އިންނަން އުޅުނުކަން، އަހަންނަށް ފެންނަނީ އެވާހަކަ ނަވާލު ގާތު ދައްކަން، އޭރުވެސް އަވަސް ކުރަން އުޅުނު ކަމެއް، ގޭތެރޭގެ މާޙައުލުގައި މިވާ ހިތާމަވެރިކަން އޭރުން ބަދަލުވެދާނެ، ނާއިލުވެސް ބޭނުމެއްނުވާނެ ހެން ހީވަނީ، އަހަރުމެން އަބަދު އޭނާގެ ހާލާމެދު ވިސްނާ ފިކުރުކޮށް ކޮށް ތިބޭކަށް، އޭރުން ކަންނޭގެ ރަނގަޅުވާން އޭނާ މަސައްކަތްވެސް ކުރާނީ، އަހަރުމެންނާ ހެދިވެސް ނާއިލު ޓެންޝަނަށް ގޮސްފާނެ، ޑޮކްޓަރުވަނީ ވިދާޅުވެފައި ހަތަރު މަސް ފަހުން އަލުން ދައްކަން އަންނަންވާނެ ކަމަށް، އަދި ނާއިލު ވިސްނާ ފިކުރުކުރާ ވަރުގެ ކަމެއް ގޭތެރެއިން ފެނިގެން ނުވާނެކަމަށްވެސް” އަސްލަމް ބޭނުންވެލެއްވީ ސަމީރާ ހަމައަކަށް އެޅުމަށެވެ.

“އެ ދަރިފުޅު އެހާލުގައި އިންނަތަން ފެނުނީމަ މި ދެލޮލުން ކަރުނަ އަންނަނީ ހިތަށް ކެތްނުކުރެވިގެން، އެކަމަކު ވަރަށް ހިތްވަރު ކުރާނަން… ނަވާލު އާއި ނީލްވެސް ތިބީ ވަރަށް ދެރަވެފަކަން އެނގޭ، އެކުދިންނަށްވެސް ހިތްވަރު ލިބޭނީ އަޅުގަނޑުމެން ދެމީހުން ހަމަޖެހިފައި ތިބުމުން، ނަވާލުގެ ކައިވެނީގެ މަތިން ހަނދާން އެބަހުރި، މޯނާއަކީ ވަރަށް ރަނގަޅު ކުއްޖެއް، ނާއިލަށް ވަރަށް ހިތްވަރު ދޭ، ނަވާލުދެކެ އިންތިހާއަށް ލޯބިވާކަންވެސް އެނގޭ، އަނެއްކާ ރަނގަޅު ޢާއިލާ އަކުން އައިސްފައި ހުރި ކުއްޖެއް، ދެރައީ މިހާދިސާއަށްފަހު އޭނާގެ ކޮއްކޮ ފުރައިގެން ދިޔައީމަ، އަޅުގަނޑު މިހުންނަނީ އެކުދިން ގާތު ކައިވެނީގެ ވާހަކަ ދައްކަން ނުކެރިފައި، ނަވާލުވެސް ހުންނަނީ ފާޑެއްގެ ގޮތަކަށްވިއްޔަ، ނާއިލު އެހާލުގައި އުޅެނިކޮށް ކައިވެނި ކުރަން ދެކޮޅުވެސް ހަދާފާނެ…” ސަމީރާ ދެލޯ ފޮހެލާފައި އެނދުގައި ހަމަޖެހިލާފައި ވާހަކަދެއްކިއެވެ.

“އެވާހަކަ ދެއްކީމަ ބުނާ އެއްޗެއް އެނގިދާނެތާ، އެހާ ގިނަ ދުވަހު ކައިވެނި ނުކޮށް އުޅުން އެއީ އަހަރެންގެ ނަޒަރުގައި އެހާ ރަނގަޅުކަމެއްނޫން” އަސްލަމްގެ ޚިޔާލު ހުންނެވިގޮތް ފާޅުކުރެއްވިއެވެ.

ނަވާލުގެ ގާތަށް ސަމީރާ ކައިވެނީގެ ވާހަކަ ހިފައިގެން އައި ވަގުތުވީ މުޅިތަނަށް ޒަލްޒަލާއެއް އައިފަދަ އިޙްސާސެއް ކުރެވިގެން ދިޔަ ވަގުތަކަށެވެ. ނާއިލުގެ ހިތާމަވެރި އެކްސިޑެންޑަށްފަހު މައިންބަފައިން އޭނާގެ ކައިވެންޏާއިމެދު ވިސްނަފާނެކަމަށް އެއްގޮތަކަށްވެސް އޭނާ ހިޔެއްނުކުރެއެވެ. ހާސްވެ ދޭނެ ޖަވާބެއް އޭނާއަށް ނޭނގުނެވެ.

“ކީއްވެތަ ދަރިފުޅު އެއްޗެއް ނުބުނީ، ބައްޕަވެސް އެދިލައްވަނީ ދަރިފުޅުގެ ކައިވެނި އިތުރަށް ލަސްނުކުރުމަށް، ކައިވެނީގެ އުފާވެރިކަމާއިއެކު މިގެއަށްވެސް އުފާވެރިކަން އަތުވެދާނެ ކަމަށް އުންމީދުކުރާތީ މިވާހަކަ ދަރިފުޅު ގާތު މިދެއްކީ، ނާއިލަށްވެސް ކަމަކު ނުދާނެ އަބަދު އަހަރުމެން ނެގިމަޑުވެފައި ތިބޭހެން ތިބުމުން، އެހެންވީމަ ދަރިފުޅު ކޮންމެވެސް ޖަވާބެއް ދީބަލަ” ސަމީރާ ނަވާލުގެ ކޮނޑާއިއެކު އަތުގައި ފިރުމާލަމުން ބުނެލިއެވެ.

“މަންމާ، އަޅުގަނޑު ކައިވެނި ކުރާކަށް ބޭނުމެއްނޫން…” ނަވާލު ޖެހިލުންވެފައި އިނދެ ބުނެލިއެވެ. ޙަޤީޤަތް މަންމައަށް ފޮރުވަމުންނެވެ. މަނާރް ފުރައިގެން ދިޔައީ އޭނާ އާދޭސްކޮށްކޮށް ހުއްޓައެވެ. އޭނާއަކީ މަނާރަށް އެއްވެސް މީހެއްނޫނެވެ. މަނާރް ގުޅުން ކަނޑާލީ ހަމައެކަނި ނާއިލަކާއި ނޫނެވެ. އޭނާ ވަނީ ނަވާލާއިވެސް ވާހަކަދެއްކުން އެއްކޮށް ހުއްޓާލާފައެވެ. އެއްވެސް މީހަކާ އެއްވެސް ވަރަކަށް ގުޅުމެއް ނުބާއްވައެވެ. މޯނާއަށްވެސް ގުޅަނީ ހާލަކުން ފަހަރަކުކަން މޯނާގެ ފަރާތުން ނަވާލަށްވަނީ އެނގިފައެވެ.

“ކީއްވެ، ބޭބެއަށް އެހެންވީމަތަ، އޭގަ ދަރިފުޅު ކުރާނެކަމެއްނެތް، އެއީ ﷲ އިރާދަކުރެއްވިގޮތް، އެކަލާނގެ މިންވަރުފުޅު، އެކަމާ ގުޅިގެން ދަރިފުޅުގެ ހަޔާތް ބަރުބާދުކޮއްނުލާ، މޯނާއަކީ ރަނގަޅު ކުއްޖެއް، މަންމަމެން ވަރަށް ޤަބޫލު މޯނާ އާއި ދޭތެރޭ، އޭނާ ދަރިފުޅަށްވެސް ކިހާ ރަނގަޅު، މި އާއިލާ އާއި ނުލާހިކު ގުޅޭ…” ސަމީރާ އޯގާތެރިކަމާއިއެކު ދައްކަމުންދިޔަ ވާހަކަ ނަވާލު މެދުކަނޑާލިއެވެ.

“ކީކޭތޯ މަންމާ، މޯނާ އޭ ތޯ…. ކާކުތޯ މަންމަ ގާތު މޯނާގެ ނަން ބުނީ” ނަވާލު ހައިރާންކަމާއިއެކު އަވަސް އަވަހަށް އަހާލިއެވެ. އޭނާ އެއްވެސް އިރެއްގައި މޯނާ އާއި ކައިވެނި ކުރާ ވާހަކައެއް ނުދައްކައެވެ. ސަމީރާ ގާތު ކައިވެނި ކުރާ ވާހަކަ ބުނިދުވަހުވެސް އެއީ ކޮންކުއްޖަކާ ކަމެއް އޭނާ ހާމައެއް ނުކުރެއެވެ. އެކަން އަދިވެސް ވަރަށް ރަނގަޅަށް ހަނދާނުގައި ހަރުލާފައި އެބަހުއްޓެވެ. އޭނާގެ ޚަޔާތުގެ ބައިވެރިއަކަށް ޚިޔާރު ކުރީ މަނާރެވެ. ކައިވެނި ކުރަން ދެކޮޅުހެދީ މަނާރު އާއި ކައިވެނި ކުރެވެން ނެތީމައެވެ.

“ކިހިނެއްވީ، މަންމައަށް އެނގުނީމަ ވަރަށް ހައިރާންވެއްޖެ ދޯ، މަންމަ ހުރީ ދަރިފުޅަށް ސިއްރުކޮއްގެން، ކުރަން ފަސޭހަކަމެއްވެސް ނޫން، އެކަމަކު ދަރިފުޅާ މޯނާގެ ގުޅުމުގެ ވާހަކަ މަންމައަށް އެނގިއްޖެ މާކުރިން، އެކަން އޮޅުން ފިލުވާދިނީ ނާއިލު، އޭނާ ގާތު ބުނީ މޯނާގެ ކޮއްކޮ، ދަރިފުޅުމެން ކިތަންމެ ސިއްރުން އުޅުނުކަމުގައި ވިޔަސް މިފަހަރު މިއޮތީ މަންމައަށް އެނގިފަ، ދެން ބުނެބަލަ، ކޮބާތަ މޯނާގެ މައްސަލައަކީ” ސަމީރާ ބުނެލިއެވެ. އިރުކޮޅަކު އެއްޗެއް ނުބުނެ ނަވާލު ވިސްނަން އިނެވެ. ދެން ހަދާނެގޮތަކާއިމެދު ވިސްނާށެވެ. ހުރިހާ ސިއްރެއް ބޭޒާރުވާން އުޅެނީ ބާއޭ އޭނާގެ ހިތަށް އެރިއެވެ. އެހެންވެ ކަންބޮޑުވި ވަރުން ނިންމަން ބޭނުންނޫން ނިންމުންތަށްވެސް ނިންމާލިއެވެ.

“ބީބީގެ ޚާލު ރަނގަޅުވަންދެން އަޅުގަނޑުގެ ކައިވެނި ލަސްކޮއްލަން ނިންމީ، އެހެންވެ މިވަގުތު އެހާ އަވަސް އަރުވާލާފަ ކައިވެނި ކުރަން ބޭނުން ނުވަނީ” ނަވާލު މިހެން ބުނެލިއިރުވެސް އޭނާގެ ނިތުން ދާތިކި ހިލިލައިފިއެވެ. ދޮގު ހަދަން ކިތަންމެ މޮޅަސް، ހާސްކަން ވެރިވެފައިވަނީ އިންތިހާ ދަރަޖައަށެވެ.

“މަންމައަށްވެސް ވިސްނުނީ ތިހެން، އެކަމަކު ތީ އަދި އެންމެ ރަނގަޅު ގޮތެއްނޫން، ނާއިލު ރަނގަޅުވާނެ ދުވަހެއް ނުވެސް އެނގޭ، އަނެއްކާ ރަނގަޅުވާން އޭނާ ބޭނުންވާފަދަ އެއްވެސް ނިޝާނެއް ނުފެނޭ، އެހެންވީމަ ދަރިފުޅު ދިރިއުޅުމާއިގެން ކުރިއަށް ދާތަން ފެނުނީމަ، ފަހަރެއްގަ ބޭބެއަށްވެސް ހިތްވަރެއް ލިބިދާނެ… އެގޮތް މާ ރަނގަޅެންނު، މަންމަމެން މޯނާގެ ޢާއިލާ އާއި ވާހަކަދައްކާނަން” ސަމީރާ ބުނެލިއެވެ. ނަވާލުގެ ކަރަށް މަޅި މެހެމުން އައިސް ހުރީ ބާރުވާ ހިސާބުގައެވެ.

“އޯކޭ… މަންމައަށް ފެނިލައްވާ ގޮތެއް އެންމެ ރަނގަޅު” ހިންދިރުވާލަމުން ކަރުމައްޗަށް ދަމާލާފައި ނަވާލު ބުނެލިއެވެ. ހީވީ މަޅި ބެދުމުގެ ކުރިން އޭގެން ބޯދަމައިގަންނަން ބޭނުންވެގެން ހަދާލި ގޮތެއްހެންނެވެ.

ހިނިތުންވެލި ސަމީރާ، ނަވާލުގެ ގައިގާ އަނެއްކާ ފިރުމާލިއެވެ. މަންމަގެ ބަސް އެހުމުން އެކަމަށް އުފާކުރާކަން ހާމަ ކުރުމުގެ ގޮތުންނެވެ. އަދި އެ ޚަބަރައިގެން އަވަސްވެގަތީ އަސްލަމްގެ ގާތަށް ދިއުމަށެވެ.

ދެމަސް ދުވަސް ތެރޭ ނަވާލު އާއި މޯނާގެ ކައިވެނި ކުރެވުނެއެވެ. އެކައިވެންޏަށް މަނާރެއް ނާދެއެވެ. މޯނާގެ އިންތިހާ ލޯބީގެ ސަބަބުން ނަވާލަށް ކައިވެނީގެ ފުރަތަމަ ރޭގައިވެސް މޯނާ އާއި ދުރުގައެއް ނޫޅެވުނެވެ. ހިތްނޭދުނަސް އޭނާ އެކަމެއް ނުދައްކައެވެ. އަދި އަދަށްވެސް މަނާރުވަނީ އެހިތުގައި ފޮރުވާފައެވެ. ކައިވެންޏަށް ގިނަދުވަސް ވީ ވަރަކަށް މަނާރުގެ މަތިން ނަވާލު ހަނދާން ނައްތާލަން މަސައްކަތް ކުރިއެވެ. މޯނާގެ ފަރާތުން އޭނާއަށް ހުރިހާ އުފަލެއް ލިބޭތީއެވެ. އަދި މޯނާދެކެ ލޯބިވާން އޭނާ މަސައްކަތް ކުރިއެވެ. ނަމަވެސް ނާއިލު ފެންނަ ކޮންމެ ފަހަރަކު އޭނާގެ ހިތުގައި ނޭނގޭ ރިހުމެއް އުފެދިގެން ދެއެވެ. ދެބެންގެ ގުޅުން ރަނގަޅުވި ނަމަވެސް ދެޒުވާނުންގެ ހިތުގައި އަނެކާ އާއިމެދު ފުރިހަމަ އިތުބާރެއް މިހާރަކު ނެތެވެ. ވަޅުޖެހެމުން އައި ބަދަލު ހިފުމުގެ ރޫޚު އާލާވީ ނަވާލަށް ޝަބާ ފެނުނު ރޭން ފެށިގެންނެވެ. ޝަބާއަކީ ހެދުން އެޅުމުގައި އެހެން އަންހެން ކުދިންނާ މުޅިން ތަފާތު ވައްޓަފާޅިއެއް ގެންގުޅޭ ކުއްޖެއްކަމުގައި ވިޔަސް، ޝަބާ ފޮރުވާފައިވަނީ ވަރަށްވެސް ރީތި ހިތްގައިމު ކަމެއްކަން ނަވާލަށް އެންމެ ރެއެއްގެ ފެނިލުމުންވެސް އިޙްސާސް ކުރެވިގެން ދިޔައެވެ. ނާއިލުގެ ޚާލު ރަނގަޅަށް އެނގޭތީވެ، ޝަބާ އާއި ނާއިލު އާއި ދެމެދު މާގާތް ގުޅުމެއް ނޯންނާނެ ކަން އޭނާއަށް އެނގެއެވެ. ނާއިލު މަނާރުގެ ހަށިގަނޑަށް އަތްފޯރުވި ގޮތަށް ނަވާލުގެ ހިތުގައި ގަދަ އަލިފާން އަނދަންފެށީ، ޝަބާގެ އެފޮރުވިގެން ހުންނަ ހެދުމުގެ ތެރޭގައިވާ ފޮނި މީރުކަމެއް ހޯދުމަށެވެ. މިފަހަރު މީ އޭނާގެ ފަހަރެވެ. މިފަހަރު ނާއިލު ހުންނަން ޖެހޭނީ ދުރުގައި ބަލަން ކަމުގައި ނަވާލު ވިސްނަމުންދިޔައެވެ.

* * * * *

ދޮރުގައި ނީލް ތަޅައިގަތް އަޑަށް ސިއްސައިގެން ގޮސް ނަވާލު ލޯ ހުޅުވާލިއެވެ. އެވަގުތު އޭނާގެ ދެބުމަ ކައިރިވެ ނިތަށް ރޫޖެހިލިއެވެ. މިވީ ކިހިނެއް ހޭ ނަވާލުގެ ސިކުނޑި އާއި ހިތަށް އަރަން ފެށިއެވެ. ނީލް އާއި ކުރިމަތި ނުލައެއްވެސް އޭނާއަކަށް ނޫޅެވޭނެއެވެ. އަނެއްކޮޅުން މެދު ކެނޑުމެއްނެތި ނީލް އެދަނީ ދޮރު ހުޅުވުމަށް އެދި ދޮރުގައި ތަޅަމުންނެވެ. ފުންނޭވާއެއް ލުމަށްފަހު ނަވާލު ދޮރުގެ ތަޅު ހުޅުވާލި އަޑު އިވުނެވެ. ދެން ފެނުނީ ކޮޓަރީގެ ތެރެއަށް ދޮރު ވަދެގެން އައިގޮތެވެ. އެބާރު މިނުގައި ބިޔަ ހަށިގަނޑުގެ ވެރިއެއް ކަމަށްވާ ނަވާލުވެސް ދިޔައީ ފަހަތަށެވެ. ނީލްއަކީވެސް ވަކި ކުޑަ މީހެއްނޫނެވެ. އޭނާ އައި ގޮތަށް އައިސް ނަވާލުގެ ކަންފަތްމަތީ ޖަހައިފިއެވެ. ދެވަނަ ފަހަރަށްވެސް ޖަހަން އަތްމަޅާލުމާއިއެކު ނަވާލު، ނީލްގެ އަތުގައި ނުޖެހި ދެމިގަތެވެ. އޭރު އޭނާގެ ކޯތާފަތުގައި އަތްއަޅާލައިގެން ހުރީ ކަންބޮޑުވެފައި ހުރި ގޮތަކަށް ބަލާށެވެ. ދެވަނަ ފަހަރަށް ނުޖެހުމުން ނީލް އޭނާގެ އަތްތިލަ މުއްކަވާ ލާފާގައި ރުޅިވެރި ނަޒަރަކުން ނަވާލަށް ބަލާލިއެވެ.

“ކިހިނެއްވެފަ ހުރި މީހެއްބާއޭ ހިތަށް އަރާ…. އާދޭ… މިތާ އިށީނދޭ…” ކުއްވެރިޔަކާ މެދު ކަންތައް ކުރާ އުޞޫލުން ނީލް ބުނެލީ ހަރުއަޑުންނެވެ. ޖެހިލުންވެފައި ހުރި ނަވާލު މަޑުމަޑުން އައިސް ނީލް ކުރިމަތިލައިގެން ހުރި އެނދުގައި އިށީނދެއްޖެއެވެ.

“ކީކޭ ހިތަށް އަރައިގެންތަ އެވަރުގެ ވިޔާނުދާ ޢަމަލެއް ހިންގަން ނަވާލަށް ކެރުނީ، ނަވާލަށް އެނގޭތަ ތިވައްޓާލެވުނީ ކޮންބައެއްގެ އަގެއްކަން، އުޑާ ބިމާހާ ތަފާތު އެބަހުރި ޝަބާ އާއި މޯނާގެ، އެކަހަލަ ކަމެއް ޝަބާ ނުކުރާނެކަން އަހަންނަށް ހުވާކުރަންވެސް ކެރިދާނެ… ޚަބަރުދާރު… އެއްޗެއް ނުބުނާތި، މިވަގުތު ނަވާލު އަނގަވެސް ހުޅުވައިގެން ނުވާނެ، ހުރި ލަދުކުޑަކަން، ބަލަ އެއީ ނާއިލުގެ ހަލާލު އަނބިމީހާއޭ… މި ސިކުނޑިއަށް އެވަރުވެސް ނޭރިތަ” ނީލް ކުއްލިއަކަށް ނަވާލުގެ ބޮލުގެ ފުއްކިބައިގައި ޖަހައިފިއެވެ. ސިއްސައިގެން ސިޔަ ނަވާލު ބޮލުގެ ފުއްކިބައިގައި އަތްޖައްސާލީ ތަދުވެގެން ކަހަލަ ގޮތަކަށެވެ. ނަމަވެސް އެއްޗެއް ބުނެ ޖަދަލު ކުރާކަށް ނުކެރުނެވެ. ފުރަތަމަ ފަހަރަށް ލަދު އިޚްސާސް ކުރެވުނެއެވެ. އެވަގުތު ކޮޓަރީގެ ދޮރުމަތީގައި ކުޑަކޮށް ބޯދީގެން ހުރި ލީލާ ނަވާލުގެ ލޮލުގައި އަޅައިގަތެވެ. އޭނަ ހީވަނީ ބިރުވެރި އެއްޗެއްހެންނެވެ. ދެލޯ ބޮޑުކޮއްގެން އަނގަ ހުޅުވައިގެން ނަވާލަށް ބަލަހައްޓައިގެން ހުރިއިރު އޭނައަށް ނަވާލު ބަލާކަންވެސް ނޭނގުނެވެ.

“ލީލާ…” މަޑުމަޑުން ނީލް އާއި ދިމާލަށް ބަލާލާފައި ނަވާލު ބުނެލިއެވެ.

“ލީލާ… ދޭ ކޮޓަރިއަށް” ނީލް ބަލާލުމުންވެސް ހަރަކާތެއް ގެންނަން ނޭނގިފައި ލީލާ ހުރުމުން ނީލް ބާރަށް ބުނެލިއެވެ. ސިހިފައިދާން ހަދައިގެން ދޮރުކަންޏާ ފާރާ ގުޅުނުތަނުގައި ލީލާގެ ނިތްކުރި ޖެހުނެވެ. ނަމަވެސް ވީ ތަދަށް ނުވިސްނާ އަވަހަށް ބިރުން ހުރެ ކޮޓަރިއަށް ވަދެ ދޮރު ލައްޕައިފިއެވެ. އޭނާ ނުކުތީ ނީލް، ނަވާލާ ދިމާލަށް ހަޅޭލަވާ އަޑު އެކޮޓަރިއަށް އިވޭތީ ރަނގަޅަށް އަޑުއަހާލަން ބޭނުންވެގެންނެވެ. ހަޤީޤަތް އެނގުނީ މިރޭ ހަމައެކަނި މީކާ އާއި ނީލަކަށް ނޫނެވެ. ލޮލަށް މަންޒަރު ނުފެނުނެއް ކަމަކު ލީލާގެ ކަންފަތަށްވެސް ނީލްގެ ހުރިހާ ވާހަކައެއް އަޑުއިވިއްޖެއެވެ. އޭނާގެ ހިތުގައި ވަގުތުން ޝަބާ އާއިމެދު ހަމްދަރުދީ އުފެދުނެވެ. އަދި ހިތުގައި ނަވާލާމެދު ރުޅިވެރިކަމުގެ ހުޅުކޮޅު ރޯވެގެން ދިޔައެވެ. ނަމަވެސް އޭނާއަކީ އެގޭގައި އުޅޭ ނޯކަރެކެވެ. އޭނާއަށް ކުރެވޭނީ ވަކި ކޮންކަމެއްހެއްޔެވެ.

“އެންމެނަށްވެސް އެންގެންވީ، ތިކަހަލަ ހަޑިމުޑުދާރު ކަންތައް ކުރާއިރު ކީއްކުރަން ސިއްރު ކުރަންވީ، ތިމާއަށް ނޭނގުނު ވިއްޔަ ތީ މީހެއްގެ ފިރިއެއްކަން، އަންހެނުންނާ ދުރުގައި ހުންނައިރު އެމީހުންނަށް އަދިވަކިން ވަފާތެރިވާން ޖެހޭނެ، އަހަންނަށް ހީވަނީ ނަވާލު މިހާރު މޯނާ އާއިއެކު އުޅޭކަށް ގަސްދެއް ނުކުރާހެން، ނޫންތަ… ޖަވާބު ދީބަލަ، ކިހިނެއްވެފައިތަ ތިއިންނަނީ… އޭރު ނިކަމެތި އަންހެން ކުއްޖެއް ހަނާހުނިކޮއްލަން އުޅުނުއިރު ގަދަފަދަ ސިންގާއެކޭ އެއްވަރު، މިހާރު ކިހިނެއްވެގެންތަ މައިތިރިވެފަ ތިއިންނަނީ، ނިކަން ތިބާރު މަށަށްވެސް ދައްކާލަބަލަ… މުޅި އާއިލާއަށްވެސް ހުރި ލަދުވެތިކަމެއް ތީ، ލަދުގަނޭ މިއަދު އަހަރެންގެ ކޮއްކޮއެކޭ ތީ ބުނަންވެސް… އެއްފަހަރުވެސް މި ސިކުނޑިން ވިސްނާލި ނަމަ… ” ފަހު ބަސް ބުނުމާއިއެކު އަނެއްކާވެސް ނީލް، ނަވާލުގެ ފުއްކިބައިގައި ޖަހައިފިއެވެ. އެހެންނަމަވެސް މިފަހަރު ޖެހީ އެހާ ބާރަކަށް ނޫނެވެ. އޭނާއަކީ އަނިޔާ ކުރާ ހިތްވާ މީހެއްނޫނެވެ. އެހެންނަމަވެސް ލޮލަށް ފެނުނު މަންޒަރުތައް އޭނާގެ ސިކުނޑިކަނީއެވެ. މީހާ މައިތިރިވެ ރުޅި މަޑުކުރަން އެތަށް މަސައްކަތެއް ކުރެވިއްޖެއެވެ. ނަވާލަށް އަތް އިސް ނުކޮށް ވާހަކަ ދައްކަންވެސް އޭނާ ބޭނުމެވެ.

“ނަސީބެންނު ދެރަކަމެއް ނުވަނިސް އަހަންނަށް އާދެވުނުކަން، އެހެންނޫންނަމަ ނަވާއަށްވެސް އޮންނާނީ ދުވަހަކުވެސް މާފު ނުލިބޭވަރުގެ ކުށަކަށް އަރައިގަނެވިފައި، އޭރުން ކިހާ ދެރަވާނެ… މަންމަ މެން އަންނަން ތައްޔާރުވެފައި ވަނިކޮށް މިވީ ކިހިނެއް، ނަވާ، ދެންވެސް ކިޔާދީބަލަ، ކީއްވެތަ އެފަދަ ކަމެއް ކުރަން އުޅުނީ، ޝަބާއަކީ އެހެން އަންހެން ކުދިންހެން ސަމާސާކޮށްކޮށްފައި އުޅޭ އަންހެން ކުއްޖެއްވެސް ނޫން، ހަޤީޤަތުގެ ގިނަ މީހުން އޭނަ ކަހަލަ އަންހެން ކުދިންދެކެ ފޫހިވޭ، އަހަންނަށް ފެނުނު ޝަބާ އަހަރުމެންގެއަށް އައިތާ ކުރީ ކޮޅު ނަވާލު އެ އަންހެން ކުއްޖާއަށް ކުރި މަލާމާތް، ދެން އެވަރުގެ ކުއްޖެއްގެ އިއްފަތަށް އަރައިގަންނަން ނަވާ ބޭނުންވީ ކީއްވެ، އަނެއްކާ ދެމަފިރިން ދޭތެރޭ މައްސަލައެއް ޖެހިގެންތަ ތިއުޅެނީ…” ނަވާލުގެ ގާތުގައި އެނދުގައި ނީލް އިށީނދެ ދެފައިގެ ކަކުލުގައި އަތްއަޅުވާލައިގެން އިސްޖެހިފައި އިނދެ ވާހަކަދެއްކީ މަޑުމަޑުމައިތިރި ކަމާއިއެކުއެވެ.

ކޮޓަރިއަށް ވެރިވެގެން ދިޔަ ހަމަހިމޭން ކަމުގެ ތެރޭން ހަމައެކަނި އިވެނީ ވައިދައުރުވާފަދަ އަޑެކެވެ. ކިތަންމެ ވަރަކަށް ވާހަކަދެއްކިޔަސް ނަވާލު ބުނިއްޔާ ނޫނީ ވެގެން އުޅޭގޮތެއް އޮޅުން ނުފިލާނެކަން ނީލްއަށް އެނގެއެވެ. އެއްޗެއް ނުބުނެ ދެމީހުން އިރުކޮޅަކު ތިބުމަށްފަހު ނަވާލު ވާހަކަދައްކަން އުޅުނެވެ.

“މާފު…” ރަނގަޅަށް ޖުމްލަ ފުރިހަމަވެސް ނުކުރެވެނިސް ނީލް ވާހަކަދެއްކިއެވެ.

“މާފުކުރާނީ ޝަބާ، ނަވާގެ ތި ޢަމަލުގެ ސަބަބުން ޝަބާއަށް ވާނެ ގޮތަކާއިމެދު ވިސްނާލަބަލަ، މީހެއް ކައިރިން މާފަށް އެދެންޏާ ގޮސް ޝަބާގެ ގާތުން މާފަށް އެދޭ، އޭނަ މާފު ކުރަންދެން އެދެންވާނެ… ވަރިހަމަ އޭނާގެ ދެފައި ދޮށަށް ވެއްޓި އާދޭސް ކުރިޔަސް، ނަވާލު ޖެހޭނީ ޝަބާގެ ގާތުން މާފަށް އެދެން… މިކަން ނާއިލަށް އެނގުމުން ވާނެ ގޮތެއްވެސް ނޭނގޭ” ނީލްގެ މޫނު މަތިން ކަންބޮޑުވުން ފާޅުވެގެންދިޔައެވެ.

ފަތިހުގެ ރަންދޯދިތަށް ގޯތިތެރެއަށް އެޅެމުންދިޔައެވެ. ރޭން ފެށިގެން ލޮލުގައި އެންމެ ނިދިކޮޅެއްވެސް ނުވާ ޝަބާ މަޑުމަޑުން ތެދުވެ މުއްސަލަ އޮޅާލާފައި ނަގާ އޭތި އޮންނަންވާ ތަނަށް ލައިފިއެވެ. އަދި މަޑުމަޑުން ސިއްރު ފިޔަވަޅުތަކެއް އަޅަމުން އައިސް އަލަމާރީގައި ލެނގިލައިގެން އިށީނދެއްޖެއެވެ. އޭރު އެއްފަރާތުގައި ހުރި އެނދުގައި ނާއިލް ނިދާފައި އޮތްތަން ފެނެއެވެ. ވަގުތުން ދެލޮލަށް ޖަމާވާން ފެށި ކަރުނަތައް ދެއަތުން ފޮހެލާފައި، ދެކަކޫގައި ވަށާލި އަތުގެ ތެރޭ މޫނު ފޮރުވާލައިފިއެވެ. ރޮއެރޮއެ ގޮސް ދުޅަވެފައިވާ ލޮލުގައި ރިއްސާވަރުން ޝަބާ ދެލޯ މަރާލައިގެން އިނީ ކުޑަނަމަވެސް އަރާމެއް އެދެލޮލަށް ދިނުމަށެވެ. އޭރު އޭނާގެ ބޮލުގައި ވަރަށް ރިއްސައެވެ.

ހެނދުނު ދިހައެއް ޖެހި އިރުވެސް ނާއިލު މެންގެ ޚަބަރެއް ނުވުމުން މީކާ އައިސް އެ ކޮޓަރީގައި ޓަކިދިނެވެ. ރޭގެ ހާދިސާއަށްފަހު އޭނާ ހުރީ ޝަބާގެ ހާލެއް އެނގެން ބޭނުންވެފައެވެ. އެހެންވެ ޚަބަރު ބަލާނުލާ ހުންނަން އިތުރަށް ކެތްނުވީއެވެ.

“ޓަކި ޖަހާ އަޑެއް ނިވޭތަ” ނިދިފައި ހޭލެވުނު ނާއިލުގެ އަޑު ހުރީ ބަރުވެފައެވެ. ޝަބާ މަޑުމަޑުން ތެދުވެގެން ގޮސް ދޮރު ހުޅުވާލީ ކިޔަމަންތެރި އަޅަކު ފަދައިންނެވެ. މީކާ ހުއްޓުން އަރާފައި ކަހަލަ ގޮތަކަށް ޝަބާއަށް ބަލަހައްޓައިގެން ހުއްޓެވެ.

“ނާއިލް ހޭލާ އުޅެނީ” ވަގުތުން އިސްޖަހާލުމާއިއެކު ޝަބާ އިނގިރޭސިން ބުނެލިއެވެ.

“ޑިޑް ޔޫ…” މީކާއަށް މިވަރަށް ބުނެވުނު ތަނާ ޝަބާ އަވަސް އަވަހަށް ދެފަރާތަށް ބޯހޫރާލައިފިއެވެ. އަދި މީކާ ވަންނަން ތަންދެއްކުމަށްފަހު އައިސް ކޮޓަރީގެ އެއްފަރާތުގައި އިށީނދެއްޖެއެވެ. އިތުރު އެއްވެސް އެއްޗެއް ނުބުނެއެވެ. ނާއިލު މީކާގެ ގާތުން ގަޑިން ވީއިރެއް އޮޅުން ފިލުވާލުމަށްފަހު އޭނަ ގޮވައިގެން ފާޚާނާއަށް ދިއުމަށް ބުންޏެވެ.

ނާއިލު ތައްޔާރުވެގެން ސައިބޯން ދިޔައިރުވެސް ޝަބާ އިނީ ކޮޓަރީގައެވެ. މިއަދު އޭނާ ބަނޑުހައިވެސް ނުވާދުވަހަކީ ކަންނޭގެއެވެ. ކާމޭޒު ދޮށުން ނަވާލެއްވެސް ނުފެނުނެވެ. ނީލްގެ މޫނުމަތިން ފެންނަނީ ކަންބޮޑުވުމެވެ.

ސުވާލުގެ ނަޒަރަކުން ނާއިލު ނޫން ދެންތިބި މީހުން އެކަކު އަނެކަކަށް ބަލަމުންދިޔައެވެ. އެހެންނަމަވެސް އެކަކަށްވެސް ޝަބާގެ ޚާލު އޮޅުން ފިލުވާލާނެހާ ހިތްވަރެއް ނުލިބުނެވެ. ވާހަކައިގެ ގޮތުން ނީލްވެސް އިނީ ހަޤީޤަތް ހާމަ ކުރަން ޖެހިލުންވެފައެވެ. އެހެންނަމަވެސް އެންމެ ފަހުން ކެތްނުވެގެން ވާހަކަދައްކަން ފެށީ ކާމޭޒުދޮށުގައި އޮތް އާދަޔާއި ހިލާފު ހަމަހިމޭންކަން ނަގާލުމަށެވެ.

“ކޮބާ ޝަބާ” ނީލް އެހީ ނާއިލުގެ ގާތުންނެވެ.

“އެބަ އުޅޭ” ނާއިލު ސަމާލުކަން ކުޑަގޮތަކަށް ބުނެލިއެވެ.

“ސައިބޯން ނާންނަ ދުވަހަކީތަ، އެހެންޏާ ނާއިލު އާއިއެކު މޭޒުދޮށުން ފެންނާނެ” ދޫ ފުރޮޅި ދާނެތީވެ އެކަމަށް ޚާއްޞަ ސަމާލުކަމެއް ދީގެން އިނދެ ނީލް ވާހަކަދެއްކި ކަހަލައެވެ. ކޮންމެ ބަހެއް ވަކިވަކިން އަތުރަމުން ދިޔައީ ލަސްލަހުންނެވެ. ނީލްގެ ވާހަކައަށް ނާއިލު އެއްވެސް އެއްޗެއް ނުބުންޏެވެ. އޭނާއަށް ވިސްނުނު ގޮތުގައި ޝާބާ އެއުޅެނީ އޭނާ އާއި ކުރިމަތިލާން ނުކެރިގެންނެވެ. ރޭގަ އެދެމީހުންގެ މެދުގައި ހިނގާ ދިޔަ ކަންތައްތަކުގެ ވާހަކަ ނާއިލު ދައްކާކަށް ބޭނުމެއްނޫނެވެ. އެއީކީ މީހުންނާ ޚިއްޞާ ކުރާކަހަލަ ކަމެއްނޫންކަން ނާއިލަށް އެނގެއެވެ.

“ލީލާ، ޝަބާއަށް ސައިގެންގޮސް ދޭންވީނު” ނާއިލު އެއްޗެއް ނުބުނެ ގިނައިރު ވުމުން ނީލް ބުނެލިއެވެ. އެވަގުތު ހައިރާންވެފައި ނާއިލަށް ބަލާލެވުނީ ނީލްއަށެވެ. އެހާވަރުން ޝަބާއަށް ކޮޓަރިއަށް ސައިގެންގޮސްދޭން ޖެހޭ ވަރުގެ ކަމެއް އަދި ނުވެޔޭ އޭނާގެ ހިތަށް އެރީމައެވެ.

ލީލާ އަވަސް އަވަހަށް ކަބަޑުން ތަބަކެއްނަގާ އޭގައި ސައިޖޯޑަކާއިއެކު ކާތަކެތި އަތުރާލައިފިއެވެ. ހީވީ އޭނާ ކައިރީ އެކަމަށް ނުބުނެގެން ހުރި ހެންނެވެ. އަދި ތަބަށް ހިފައިގެން ހަލުވިކޮށް ޝަބާގެ ކޮޓަރިއަށް ގޮސްވަނީ ކާމޭޒުދޮށުގައި ތިބި މީހުންނަށް ބަލާލުމެއްނެތިއެވެ.

“ޝަބާ…” އެއްއަތުން ތަބަށް ހިފަހައްޓާލަމުން ކޮޓަރީގެ ދޮރު މަޑުމަޑުން ހުޅުވާލާފައި ލީލާ ގޮވާލިއެވެ. އޭރު ޓައިލްސްތަކުގެ މަތީ އިށީނދެލައިގެން އެނދުގައި ދެއަތްއަޅާލައިގެން ޝަބާ އިނެވެ. އޭނާގެ ބޯވަނީ އެނދުގައި އޮތް ގޮދަޑީގެ އެއްފަރާތުގައި ޖައްސާލެވިފައެވެ. ކޮޓަރީގެ ފަނޑުއަލިކަމުގެ ތެރެއިން ލީލާއަށް ޝަބާގެ މޫނު ފެންނަ ވަރެއް ނުވިއެވެ. އެހެންވެ ޝަބާގެ ޖަވާބެއް ނުލިބުނަސް އޭނާ ކޮޓަރިތެރެއަށް ވަދެ އެތާނގައި ހުރި ގޮނޑިމަތީ ތަބަށް ބަހައްޓާލާފައި ކޮޓަރިތެރެ އަލިކޮއްލައިފިއެވެ. ފާރުގައި ހުރި ސުވިޗު ޖައްސާލުމާއިއެކު އަލިވެގެން ދިޔަ ކޮޓަރިތެރެއިން ދެލޯ މަރާލައިގެން އިން ޝަބާ، ލީލާއަށް ފެނުނެވެ. މަޑުމަޑުން އައިސް ޝަބާގެ ކޮނޑުގައި ފިރުމާލަމުން ލީލާ ގޮވާލިއެވެ. އެހިނދު ސިއްސައިގެން ދިޔަ ޝަބާއަށް ފަހަތަށް ޖެހިލެވުނެވެ.

“މަށޭ… ލީލާ…” އަވަސް އަވަހަށް ލީލާއަށް ބުނެވުނެވެ.

“ކިހިނެއްވީ” ރަތްކަން ނުކެނޑިހުރި ދެލޮލުން ޝަބާ ބަލާލުމާއިއެކު އަހާލިއެވެ.

“ނީލްބެ ބުނެގެން މިއައީ ޝަބާއަށް ސައި ހިފައިގެން، ސައިބޯންވީނު” ލީލާ އޯގާތެރިކަމާއިއެކު ބުނެލިއެވެ. އޭނާއަށް ޝަބާގެ މޫނުމަތީގައިވާ ހިތްދަތިކަން ދެނެގަންނާކަށް އުނދަގުލެއްނުވިއެވެ. އެހެން އެވީ ލީލާއަށް ހަޤީޤަތް އެނގިފައި އޮތީމައި ކަމަށްވެސް ވެދާނެއެވެ.

“ލީލާ، އަހަންނަކީ މީހަކު އަހަރެން ކައިރިއަށް ސައިހިފައިގެން އަންނަވަރުގެ މީހެއްނޫން، އެހެންނޫނަސް މީ އަހަރެން އާދެވެފައި ހުރި ގޮތެއްވެސް ނޫން…” ޝަބާގެ ވާހަކަ ވަގުތުން ލީލާ މެދުކަނޑާލިއެވެ.

“ހޫން، ދެން ވާހަކަ ދައްކާނެކަމެއްނެތް، އެއްޗެއް ކެވޭތޯ އުޅޭ، އެންމެންވެސް ސައިބޮނީ، މިހެނެއް ނުވީހެންނު އެންމެނާ އެކީ ސައިބޯން އައިނަމަ، އަން… މިހިރީ ޝަބާ ސައިހަދާހެން ހަދައިދީފަ، އެންމެ ސަމްސަލެއްގެ ހަކުރު އަޅާފަ، ސައިފަތުކުލަ ގަދަކޮއްލަ ދީފަ، މި ބޯލާ، އޭރުން ހުރިހާ ކަމެއް ހައްލުވެދާނެ” ލީލާ ހިތްވަރުގެ ގޮތަކަށް ވާހަކަދެއްކިއެވެ. ގަދަކަމުން ޝަބާލައްވާ ކަންތައްތައް ކުރުވަން އޭނާ މަސައްކަތް ކުރިއެވެ. އެކަން ކާމިޔާބުވެސް ވިއެވެ. އަނގަގަދަ މީހެއްނޫންވީމަ ލީލާގެ ގާތުން ޝަބާއަކަށް ކުރިއެއްނުލިބުނެވެ.

“މެންދުރަށް ހަދަނީ ކޯއްޗެއްތަ” ޝަބާ ހިތްވަރުކޮއްފައި އެހެން ދުވަސް ދުވަހެކޭ އެއްގޮަތަށް ކަންތައްކުރުމަށް މަސައްކަތް ކުރިއެވެ.

“މިއަދު ޝަބާ އަރާމުކޮއްލާ، ފެންނަ ފެނުމަށް ހީވަނީ ޝަބާ ކުޑަކޮށް ބަލިހެން، ރަނގަޅުވެލީމަ މަސައްކަތަށް އެނބުރިއަޔަސް އެންމެ ރަނގަޅު، އެހެންނޫނަސް ސަމީރައްތަ އަންނައިރު ޝަބާ ބަދިގޭގައި އުޅޭތަން ފެނުނީމަ ކީކޭ ބުނާނީ، މިދަތުރުގަ އަހަރެން ފޮނުވި އެންމެ މުހިންމު ބޭނުމަކީ ބަދިގޭގެ ކަންތައްތައް ހަމަޖައްސަން، އެއީ ޝަބާގެ މަސައްކަތެއް ނޫން” ލީލާ ހެވިފައި އިނދެ ވާހަކަދެއްކިއެވެ.

“އަހަރެން ހުރިހާ ކަމެއްކުރަނީ ކުރާހިތުންނޭ، ލީލާއަށްވެސް ލުއިވާނެއެންނު އިތުރު މީހެއްގެ އަތް ލީލާގެ މަސައްކަތުގައި ބޭނުންކުރެވޭނަމަ، މީ މާލެއެއް ނޫނޭ، އެހެންވީމަ އެހާ ބޮޑު ކަމަކަށް ނުވާނެ، މިހާރު އަހަރެން ބޭނުންވަނީ ކޮންމެވެސް ކަމެއްގައި އަވަދިނެތި އުޅެން، ހުސްވަގުތު ބޭނުމެއްނޫން” ފޫހިވެފައި އިން ފަދަ ރާގެއްގައި ޝަބާ ޖުމްލަ ނިންމާލިއެވެ.

ލީލާގެ ސަބަބުން ކޮންމެވެސް ވަރަކަށް ހަމަޖެހިލެވުނު ޝަބާ ކޮޓަރިން ނުކުތެވެ. މަޑުމަޑުން ގޮސް ކާކޮޓަރީގެ ދޮރުމަތީ ހުއްޓުނީ ލީލާ އާއިއެކުއެވެ. އޭރު ކާމޭޒު ކައިރީގައި އެކަކުވެސްނެތެވެ. ހިފަހައްޓައިގެން ހުރި ނޭވާ ޝަބާ ބޭރުކޮއްލިއެވެ. ނަސީބެކޭ އޭނާގެ ހިތަށްއެރިއެވެ. އެހެންމަވެސް އެއްގޭ ތެރޭގައި އެކަކު އަނެކަކަށް ނުފެނިއެއްވެސް ނޫޅެވޭނެއެވެ. ކޮންމެ ގޮތަކަށް ކަންތައް ދިމާވިޔަސް ޝަބާ ޖެހޭނީ އެކަމަކާ ކުރިމަތިލާށެވެ. އަދި ކޮންމެ ހިތްދަތި ވަގުތުތަކުގައި ކެތްތެރިވާށެވެ.  ނޫނީ ރޯލައިގެން ހިތްހަމަޖައްސާލާށެވެ. މީ މިއަދު އޭނާގެ ހާލަތު ހުރި ގޮތެވެ.

މެންދުރުވިއިރުވެސް ނަވާލު ގޭތެރޭގައި އުޅޭތަނެއް ނުފެނެއެވެ. މެންދުރު ކައިނިމިގެން ސިޓިން ރޫމުގައި މީކާ އާއިއެކު އިން ނާއިލަށް އެކަން ފާހަގަ ކުރެވިގެން ސުވާލުކުރިއެވެ. މީކާވެސް ޖަވާބުގައި ބުނީ މިއަދު އަދި ނަވާލު ނުފެންނަ ކަމުގައެވެ. ވެގެން އުޅޭ ގޮތެއް އޮޅުން ފިލުވާލާ ހިތް އޮތްލެއް ބޮޑުކަމުން އޭނާ، މީކާގާތު ނަވާލުގެ ޚަބަރެއް އޮޅުން ފިލުވުމަށް އެކޮޓަރިއަށް ދިއުމަށް ބުންޏެވެ.

“ނިދާފަ ކަންނޭގެ، ހޭލައިގެން އަންނާނެ އެންނު، ގޮވައިފިއްޔާ ފަހަރެއްގަ ހިތްހަމަ ނުޖެހިދާނެ، ރޭގަ ވަރަށް ލަހުން ކަންނޭގެ ނިދީ” މީކާ އިނގިރޭސި ބަހުން ބުނެލިއެވެ. އޭނާ އެއްގޮތަކަށްވެސް ނަވާލު ފެންނަ ހިސާބަށް ދާކަށް ބޭނުމެއްނޫނެވެ. ހިތްހަމަނުޖެހިފައި ހުރިލެއް ބޮޑުކަމުން އަތުންފައިން ގޯހެއް ހެދިދާނެއޭ މީކާގެ ހިތަށް އަރަނީއެވެ. އެހެންވެ ނާއިލަށް ޝައްކުނުވާނޭހެން އުޒުރުވެރިވަމުން ދިޔައެވެ.

“އައްސަލާމް ޢަލައިކުމް” ކުއްލިއަކަށް ދޮރުން ވަދެގެން އައި ރަޒިއްޔާގެ އަޑުއިވުނެވެ. މެންދުރުފަސް ވާންވާއިރަށް އޭނާ ގޮވައިގެން އައީ ނީލްއެވެ. ނާއިލުގެ ހަތަރެސްފައިގައި ތެޔޮ ދަމާށެވެ. ރަޒިއްޔާ ނެތްތަނުގައި ޝަބާއަށް ތެޔޮދަމަން އޭނާވަނީ ދަސްކޮއްދީފައެވެ. އެހެންނަމަވެސް މިއަދު ކުއްލިއަކަށް ނީލް އެއައީ ރަޒިއްޔާ ގޮވައިގެންނެވެ. ކީއްވެހެއްޔެވެ. ސުވާލު އުފެދި ހައިރާންވީ ނާއިލު އެކަންޏެވެ.

“ތުއްތޮންއަށް ކަމެއް އެނގުނީބާ” ނާއިލުގެ ހިތް އޭނާ އާއި ސުވާލުކޮއްލިއެވެ.

“ކޮބާ ކިހިނެއް، ދައްތައަށް ހީވަނީ ކަސްރަތުތައް ނުކުރާހެން…” ރަޒިއްޔާ ޔަގީނުގެ ނަޒަރަކުން ހިނިއައިސްފައި ހުރެ ނާއިލަށް ބަލާލަމުން ބުނެލިއެވެ. އަދި އައިސް ސޯފާގައި އިށީނދެއްޖެއެވެ.

“މިއަދު ތެޔޮދަމަނީ ދައްތަ ތަ” ނާއިލު އަހާލީ ކަމެއް އެނގެން ބޭނުންވެފައި އިން ފަދަ ގޮތަކަށެވެ.

“އާން، ޝަބާ ބަލިވެ އުޅޭ ވާހަކަ ބުނެގެން މިއައީ” ރަޒިއްޔާ، ނީލްއަށް ބަލާލަމުން ބުނެލިއެވެ. އޭރު ނީލް، މީކާއަށް ގޭގެ ބިއްދޮށް ފަރާތުގައި ފަތްޖެހި އެނދު ބެހެއްޓުމަށް ބުންޏެވެ. އަދި ލީލާއަށް ގޮވާލަފައި ދެން ކުރަންޖެހޭ ތައްޔާރީތައް ކުރުމަށް ބުންޏެވެ. ޝަބާ ގާތު މިއަދު އެއްވެސް ކަމަކު ނީލް ނުބުނެއެވެ. ޝަބާވެސް ލީލާ ފިޔަވާ އެކަކާވެސް އަނގައިންނެއް ނުބުނެއެވެ. ޝަބާ ދެރަވާނެ ވަރު އެނގޭތީވެ ލީލާ ނިންމައިގެން ހުރީ ނަވާލުގެ ވާހަކަ އެއްގޮތަކަށްވެސް ނާހާށެވެ. އަދި އެކަމުގެ ވާހަކަ ޝަބާއަށްޓަކައި އެކަކުގެ ގާތުގަވެސް ނުދައްކާށެވެ. އެހެންނަމަވެސް އޭނާ އުންމީދުކޮއްގެން ހުރީ ނީލް އެކަމާއި ގުޅިގެން ރަނގަޅު ފިޔަވަޅެއް އަޅާނެކަމަށެވެ. އަދި އެވަގުތަކަށް އެނާ އިންތިޒާރު ކުރެއެވެ.

(ނުނިމޭ)

Leave a Comment

Your email address will not be published. Required fields are marked *