“ސޮރީ…” އަފްލީންއަށް ބުނެލެވުނެވެ.
“އެއީ އެވަރުކަމެއްނޫން، އާއިލާ މީހުންނަށް ހުރިހާކަމެއް އެނގެންވެސްވާނެތާ ދޯ، މިހާދުވަހު އަފޫއަކީ ކުޑަކުއްޖެއްކަމަށްދެކި މިހުރިހާ ވާހަކައެއް އަފޫއަށް އަޑުއަހަން އުނދަގޫވާނެއޭ ހިތާ ނުދައްކާ ހުރީ…” މިހެންބުނެ މޭޒުމަތީގައި އޮތް އަފްލީންގެ އަތްތިލާގައި ޔޫހާ ފިރުމާލަމުން ހިނިތުންވެލިއެވެ.
“އާއިލާއޭ ބުނީމަ ހަމަ ސުވާލު އުފެދުނީ، ޔޫހާގެ އަސްލު ފެމެލީ ކޮބާތަ، މަންމަމެން ދުނިޔޭގައި ނެތީތަ، ދުވަހަކުވެސް ޔޫހާގެ އާއިލާ މީހުންނާ ވާހަކަދައްކާ ތަނެއް އަހަރެން ނުދެކެން” އަފްލީން ސުވާލުކުރިއެވެ. ޔޫހާ އޭނަގެ އާއިލާ އާއި ބެހޭގޮތުންވެސް އަފްލީނަށް ކިޔާދިނެވެ. އެކަކު އަނެކަކުގެ ވާހަކައަށް ދެވިފައިވާ ސަމާލުކަމާއިއެކު މޭޒުގެ ކައިރީގައި މީހަކު އައިސް ހުއްޓިލުމާއިއެކު ދެމީހުންނަށްވެސް މޭޒުމަތިން އަތްނެނގުމަށްފަހު ފަހަތަށް ޖެހެލެވުނީ ވެއިޓަރު މީހާކަމަށް ހީކޮށެވެ. މޭޒުމަތީގައި އޭނަގެނައި ތަށިތައް ބެހެއްޓުމަށް ތަންދެއްކުމުގެ ގޮތުންނެވެ.
“އައިސް ކްރީމް ބޭބެ…” މޭޒުމަތީ އޮތް ސަމްސަލާއި އޫނަގައިގެން ކުޅެންއިން ކިޔާން ކުއްލިއަކަށް ބުނެލިއެވެ. އެއާއިއެކު ޔޫހާ އާއި އަފްލީނާ ދެމީހުންނަށް އެމީހުންގެ ގާތުގައި ހުރި މީހާއަށް ބަލާލެވުނެވެ.
“އަޔާ…މިތާ…” ހިނިއައިސްފައި ޔޫހާއަށް ކައިރީގައި ހުރި އައްޔަދުއަށް ބަލާލަމުން ބުނެލެވުނެވެ. އަފްލީން އެސްފިޔަ ޖަހާލުމެއްނެތި އައްޔަދުއަށް ބަލަމުންދިޔައެވެ. މީގެ ކުރިން އެފަދަ ޒުވާނެއް އަފްލީން ނުދެކެއެވެ. މިޒަމާނުގެ ހެދުން އެޅުމާއި އަތުގައި އޮތް ފަހުގެ ފޯނު އަފްލީންގެ ލޮލުގައި އަޅައިގަތެވެ.
“ކޮފީއެއް ބޯލަންވެގެން މިތަނަށްވަނީ، މިތާ ކައިރީގަ ބައްޕަ ހުޅުވަން އުޅޭ ހޮޓެލް ހުންނަނީ، ނަސީބެއްނު ވަދެވުނުކަން…އެހެންނޫނީ ޔޫހާ އާއި ބައްދަލެއްނުވީހެއްނު، ހެލޯ ކިޔާން، މަމީއާއިއެކު އައިސް ކްރީމް ބޯންތަ ތިއައީ” އައްޔަދު ހިނިއައިސްފައި ވާހަކަދެއްކިއެވެ. އޭނައަށް އެތަނުގައި އިން އަފްލީން ނުފެންނަ ފަދައެވެ.
“މިއަދު ކިޔާންއަށް އޭ ރިޕޯޓް ލިބުނީނު، މަންމަގެ ދަރިފުޅަށް އެއްވަނަ ލިބުނީ ދޯ” ކިޔާން ހިނިއައިސްފައި ބޯޖަހާލިތަން ފެނުމާއިއެކު ޔޫހާ ބުނެލިއެވެ.
“އަހަރެން ޔޫހާމެންކައިރީ މިތާ އިށީނަސް އެންމެ ރަނގަޅުތަ” އައްޔަދު އިސްނަގާ އަހާލިއެވެ. ޔޫހާ ވަކިއެއްޗެއް ނުބުނެ ބަލާލީ އަފްލީންއަށެވެ. އޭނަ ދެކޮނޑުއަރުވާލުމާއިއެކު ހަދާލިގޮތުން އޭނަގެ އެއްވެސް މައްސަލައެއްނެތްކަން ޔޫހާއަށް އެނގުނެވެ. އައްޔަދުއަށް ޖަވާބެއް ނުލިބެނިސް ޔޫހާމެން ތިބި މޭޒުދޮށުގައި ހުރި ހުސްގޮނޑީގައި އޭނަ އިށީނދެއްޖެއެވެ.
“އަޔާ، މީ އަފްލީން، އަހަރެންގެ ކޮއްކޮއެއް، އަފްލީން މީ އައްޔަދު، ޖަސްޓް އަ ފްރެންޑް” ހިނިއައިސްފައި އިނދެ ޔޫހާ ބުނެލިއެވެ.
“އަޔާ މަންމަގެ ހާލު ކިހިނެއްތަ” ޔޫހާ ޒަރާނާގެ ހާލު އޮޅުންފިލުވާލިއެވެ.
“މަންމަ އެހި ދެން ޔޫހާ ނާންނާނެހޯ އަހަރުމެން ގެއަށް، ދެން އަހަރެން ބުނިން ޔޫހާ ވަރަށް ފޮނިވާނެއޭ، އޭނަ ގޭގެއަކަށް ނުދާނެ…” އައްޔަދު ޔޫހާ އާއި ދިމާކޮއްލިއެވެ.
“އަޔާ މަންމަ ގާތު ހަމަ އެހެންތަ ބުނީ….އަހަރެން ފޮނިތަ، އަޔާ ބުނީމަ ގެއަށްވެސް ދިޔައިން” ޔޫހާ ބުނެލިއެވެ. އައްޔަދު އާއި ޔޫހާ ގިނަވާހަކަތަކެއް ދައްކަމުންދިޔައެއްކަމަކު އަފްލީންގެ ސަމާލުކަންވަނީ އައްޔަދުއަށް ހުއްޓިފައެވެ. އޭނަގެ ހިތުގައި ބަޔާންކުރަންދަތި އިޙްސާސްތަކެއް އުފެދެމުންދިޔައީތީ އެކަމާ ހައިރާންވެފައި އިނެވެ. ޖަވާބެއްނެތް ސުވާލެއްފަދައިންނެވެ.
“އަފްލީން ދޯ ކިޔަނީ….ކީއްވެތަ ޔޫހާ ގެއިން ބޭރަށް ނުކުންނަން އެހާ ބިރުގަންނަނީ” އައްޔަދު އަފްލީންއަށް ގޮވާލުމުންވެސް އޭނަގެ ޚަބަރެއްނުވުމުން އަތުގައި ކޮއްޓާލާފައި ބުނެލިއެވެ.
“ވެދާނެ މެރީކުރަން އުޅޭތީކަމަށް” އަފްލީންގެ ހިތަށް އެންމެ ފުރަތަމަވެސް އެރިގޮތަށް ބުނެލެވުނެވެ.
“ސީރިއަސްކޮށް، ޔޫހާ މެރީ ކުރަނީތަ؟ ނުވެސް ބުނަމެއްނު…” އައްޔަދުއަށް ލިބުނު ހައިރާންކަމާއިއެކު ބުނެލެވުނެވެ.
“ހޫމް، ނުބުނާކަށް ނޫނޭ، އޭގެފަހުން އަދި އަޔާ އާއި ދިމަލެއްވެސް ނުވެއެއްނު، ފަހުން ގުޅާލާފަ ބުނަންވެގެން ހުރީ” ޔޫހާ ދޮގެއް ހަދާލިއެވެ.
“އަހަންނަށް ޔަގީން ޔޫހާ އަމިއްލައަށް ފެނިގެން ނުގުޅާނެކަން، އަފްލީން ޔޫއަރ ގްރޭޓް، އެކަމަކު ތިދިނީ ވަރަށް ޝޮކިން ޚަބަރެއް….” އައްޔަދު އަފްލީންގެ ކޮނޑުގައި ޖަހާލަމުންބުނެލިއެވެ.
ރެސްޓޯރެންޓުން ނުކުތީ ތިންމީހުންއެކީގައެވެ. އައްޔަދު ޔޫހާއަށް ފަހުން ގުޅާނަން ކަމުގައި ބުނީ އޭނަ ކުރަން އުޅޭކައިވެންޏާމެދު ސުވާލުކުރަން ބޭނުންވެގެންނެވެ. އަފްލީން އާއި ސަލާމްކޮއްލަމުން ކިޔާން އުރާލިއެވެ. އަދި އޭރިޕޯޓް ލިބުނީމަ އިނާމެއް އޮންނާނެއޭ ބުންޏެވެ. އެކަމަކު އިނާމު ބަލާ މަންމަ އާއިއެކު އެގެއަށް އައުމަށް އައްޔަދު ކިޔާން ގާތު ބުންޏެވެ. އެއާއިއެކު ހަމައެވަގުތު ކިޔާން ޔޫހާގެ ގާތުން އައްޔަދުމެންގެއަށް ދިއުމަށް އެދެން ފެށިއެވެ. ހިތުގައި ކަންތައްތަކެއް ފޮރުވައިގެން ހުންނަފަދަ ގޮތަކަށް ހިނިތުންވެލައިގެން ހުރި އަފްލީންވެސް ޔޫހާގެ ކޮނޑުގައި އަތްއަޅުވާލަމުން އެދުނީ ކިޔާންއަށްޓަކައި އައްޔަދުމެންގެއަށް ދިއުމަށެވެ. ޔޫހާ އައްޔަދުއަށް ބަލާލަމުން ދެލޯ ކުޑަކޮއްލާފައި އާއެކޭ ބުނެލިއެވެ. އައްޔަދު ބާރު ހިނިގަނޑެއް ޖަހާލަމުން އޭނައަށް ލިބުނު ކުރިއެރުމެއްކަމުގައި ދެކި ފޯނު ނަގާ އޭނަގެ މަންމައަށް ގުޅާލިއެވެ.
“ހީޒް ނައިސް…” އަފްލީން ޔޫހާގެ ކަންފަތްދޮށުގައި ސިއްރުން ބުނެލިއެވެ. ޔޫހާގެ މޫނަށް ވައްތަރެއް ޖައްސާލަމުން އަފްލީން ފެށީ ހޭށެވެ. އޭނަ ހުރީ އައްޔަދު އާއި ބެހޭގޮތުން އިތުރަށް އެނގެން ބޭނުންވެފައެވެ.
އައްޔަދު ޔޫހާގެ ގާތުން އެދުނީ އޭނާ އާއިއެކު ކާރުގައި ގެއަށް ދިއުމަށެވެ. ނަމަވެސް ޔޫހާއަށް އެގޮތް ކަމަކު ނުދިޔައެވެ. އައްޔަދު އާއިއެކު އެގޮތަށް އޭނާގެ ގެއަށް ދިއުން އާމުކަމަކަށްވާކަށް ޔޫހާ ބޭނުމެއްނުވެއެވެ. ނަމަވެސް އަފްލީންގެ ހިޔާލު އެކަމާ މުޅިން އިދިކޮޅެވެ. އޭނަ ހުރީ އައްޔަދު އާއިއެކު އޭނަގެ ކާރުގައި ދާންބޭނުންވެފައެވެ. ޔޫހާއެކަމާ ދެކޮޅު ހެދުމުން އިތުރަށް އެއްޗެއް ބުނަންނުކެރިފައި ހުރެ ޔޫހާ އާއިއެކު އޭނަވެސް ހިނގައިގަތީއެވެ.
އައްޔަދު އޭނަގެ ބައްޕަ އާފާގުގެ ގާތުގައި ރައްޓެހި ކުއްޖަކާއިއެކު ގެއަށް ދަނީކަމުގައި ބުނެ ކާރުގެ ތަޅުދަނޑި އާފާގު އާއި ހަވާލުކުރިއެވެ. ކާކުކަން ނުބުނި ނަމަވެސް އައްޔަދު އުޅުނުގޮތުން އެމީހަކީ ޔޫހާކަން އާފާގަށް އެނގުނެވެ. އެއާއިއެކު ހީނލާފައި އޭނަ ބޯޖަހާލަމުން މައްސަލައެއްނެތް ކަމުގައި ބުނެ ކުރަން އިން މަސައްކަތަށް ސަމާލުކަން ދިނެވެ. މިމަންޒަރު އާފާގުގެ ގާތުގައި އެހީވާންއިން ފައުޒީއަށް ފެނުނެވެ. އޭނަވެސް އާފާގު ގާތު ސިގިރޭޓެއް ބޯލައިގެން އެބަ އަންނަން ކަމުގައި ބުނެ ބޭރަށް ނުކުމެލިއެވެ.
“އޭ، ޔޫހާ އާއި ބައްދަލުވީ ދޯ” ފައުޒީ މަޑުމަޑުން އައްޔަދުގެ ފަހަތުން ލިފްޓާއި ދިމާލަށް ދަމުން ބުނެލިއެވެ. އެއާއިއެކު އައްޔަދުގެ މޫނުމަތި އުޖާލާވެގެން ދިޔަކަހަލައެވެ. ތުންފަތަށްވެރިވި ހިނިތުންވުމާއިއެކު ދެބުމަ އަރުވާލިއެވެ.
“މިދަނީ ގޮވައިގެން ގެއަށް…” އައްޔަދު ފޮނިގޮތަކަށް ބުނެލިއެވެ.
“ކޮބާ މަބުނި ކަންތައް ހަނދާން އެބަހުރިތަ….މާދަމާ މިހޮޓާވެސް ހުޅުވާނެ، ޒައުލްގެމެންގެ ތަންތަނެކޭ އެއްފެންވަރަށް ހުރިހާ ހިދުމަތެއްވެސް ދެން ހުންނާނީ، އޭނަ ތަޅުވާލަންވާނެއެއްނު…” ފައުޒީ ލިފްޓުގެ ތެރެއަށްވަދެ އައްޔަދުގެ ކޮނޑުގައި ހިފާލަމުން ބުނެލިއެވެ.
“ހޫމް…މަޖާވާނެދޯ، އޭނައަށް ދައުވަތުވެސް ފޮނުވަންވާނެ، ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވުމަށްއެދި” އައްޔަދު ހިނިއައިސްފައި ހުރެ ވާހަކަދެއްކިއެވެ.
“މަބުނީމެއްނު އޭނަ އާއި ދެކޮޅަށް ހިއްލާލަން އެންމެ ރަނގަޅު ހަތިޔާރަކަށްވާނީ….ދެން އެނގެއެއްނު…” ފައުޒީ ނަންހާމައެއްނުކުރިއެވެ.
“އެހެންދޯ، މިއަދުމީ ރަނގަޅު ދުވަހެކޭ ތިކަން ކޮއްލަން، އަހަރެން ފައުޒީއަށް ފަހުން ގުޅާލާނަން، ޒައުލްއަށް އެންގުން އެއީ ފައުޒީގެ ކަމެއް، ފައުޒީތާ ތިއުޅެނީ ޔޫހާ ހަތިޔާރަކަށް ބޭނުންކުރަން، އެފުރުޞަތު މިއަދު ދޭނަން، އަހަރެން ޔޫހާ ގެއަށް ފޮނުވާލާނީ ހަތެއްޖަހާކަން ހާއިރު، އެކަމަކު މިހެން ބުންޏަސް ޔަގީންކަން ދޭކަށް ނުކެރޭނެ….އެހެންވީމަ ޔޫހާ ގޭން ނުކުންނަން ކައިރިވީމަ އަހަރެން މެސެޖު ކުރާނަން، އަހަރެންގެ މެސެޖަށް ފައުޒީ އިންތިޒާރުކުރޭ….އޭރުން ފައުޒީ ބޭނުންވާކަހަލަ މަންޒަރެއް ޒައުލްއަށް ދައްކާލާނަން…ހެ ހެ ހެ ހެ….އަހަރެން ބޭނުންވަނީ އޭނަގެ ރުޅިވެރި މޫނުބަލާލަން….ހެ ހެ ހެ…” އައްޔަދު ހެމުން ހެމުން ލިފްޓުން ނުކުތެވެ.
“މައްސަލައެއް ނޯންނާނެ…އައްޔަދު ބުނާގަޑިއަކަށް އަހަރެން ޒައުލް ފޮނުވާލަފާނަން ތިގޭދޮށަށް، އޭނައަކީ ވަރަށް ފަސޭހައިން ބުންވާ ސޮރެއް…” ފައުޒީވެސް މިހެންބުނެ ހޭންފެށިއެވެ.
ދުވެފައި ކަހަލަ ގޮތަކަށް އައްޔަދު ހޮޓަލުން ނުކުމެގެން އައިސް ޔޫހާމެންނާ އަރާ ހަމަކޮއްފިއެވެ. ޔޫހާ ކާރަށް ނޭރުމުން އައްޔަދު ނިންމީ އޭނަ އާއިއެކު ހިނގާފައި ދާގޮތަށެވެ.
އައްޔަދުގެ ގެއާއި ހަމައަށް ދެވެންދެންވެސް ޔޫހާ މާގިނަ ވާހަކައެއް ނުދައްކައެވެ. ގިނަ ވާހަކަތައް ދައްކަމުންދިޔައީ އައްޔަދު އާއި އަފްލީނެވެ. ބައެއްފަހަރު އަފްލީން އައްޔަދު އާއި ދިމާކޮއްލާފަދަ ބަސްބަސް ބުނެލައެވެ. ޔޫހާ އެއްޗެއް ބުނަނީ ކޮންމެހެން ބުނަންޖެހިއްޖެނަމައެވެ. ނޭނގިތިބެ އައްޔަދު އާއި އަފްލީންގެ މެދުގައި ރަޙުމަތްތެރިކަމުގެ ގުޅުން ފެށުމުގެ އަލާމާތްތައް ފެންނަން ފެށިއެވެ. މިކަން ޔޫހާއަށް ފާހަގަވިއެވެ. އޭނައަށް އަފްލީންގެ ހަރަކާތްތައް ހުރިގޮތުން އެހިތުގައިވާ އެއްޗެއް ދެނެގަތުމަށް އުނދަގޫކަމަކަށް ނުވިއެވެ. ޔަގީނުންވެސް އަފްލީންއަށް އައްޔަދު ވަރަށް ކަމުގޮސްފިކަން ޔޫހާއަށް އެނގިއްޖެއެވެ. އެކަމާ އޭނަ އުފާކުރެއެވެ. އެނގިފައޮތްގޮތުން އައްޔަދުއަކީ ރަނގަޅު އަޙްލާގެއް ލިބިފައިވާ ޒުވާނެކެވެ. އޭނަގެ އާއިލާ އާއި ޔޫހާއާ ވަނީ ބައްދުވެފައެވެ. އެމީހުންނަކީވެސް ވަރަށް ރަނގަޅު ހިތްހެޔޮބައެވެ. ނަމަވެސް އައްޔަދުގެ ހިތުގައިވަނީ ކީކޭކަމެއް ޔޫހާއަކަށް ނޭނގެއެވެ. ބައެއްފަހަރު އޭނައަށް އައްޔަދުގެ ހިތުގައި ޚާއްޞަ މަގާމެއް ދެވިފައިވަނީ ހުދު އޭނައަށޭވެސް ހީވާ ފަހަރު ދެއެވެ. އެކަމަކު އެހެންވާކަށް ޔޫހާ ބޭނުމެއްނުވެއެވެ. އޭނަގެ މުޅި ހިތަކީ އެހެންމީހެއްގެ ހައްގެކެވެ. އިތުރު މީހަކަށް އެހިތުން ދޭނެ ތަންކޮޅެއް ނެތެވެ.
ސޯފާގައި އިން ޒަރާނާއަށް ގޭގެ މައިދޮރޯށި ހުޅުވުނު އަޑުއިވުމާއިއެކު ފުންމައިގެން ތެދުވެއްޖެއެވެ. އަދި އަވަސް އަވަހަށް ސިޓިން ރޫމުން ބޭރަށް ބޯދިއްކޮއްލުމާއިއެކު ނުކުތެވެ.
“ކިޔާން…” އެންމެ ފުރަތަމަވެސް ޒަރާނާއަށް ގޮވާލެވުނީ ކިޔާންއަށެވެ. ވަރަށް ހިނިއައިސްފައި ހުރެ ކިޔާން ދުވެލާފައި އައިސް ޒަރާނާ ދިއްކޮއްލައިގެން ހުރި އަތުގައި ހިފައިފިއެވެ.
“ކޮއްކޮއަށް ލިބުނީ އޭ ރިޕޯޓެއް…ދޯ މަންމި” ކިޔާން ޒަރާނާއަށް މިހެން ބުނެލަމުން ޔޫހާއަށް ބަލާލީ އޭނަ ބުނިއެއްޗެއް ޔަގީންކޮއްދޭށޭ ބުނާ ކަހަލަގޮތަކަށެވެ. ޔޫހާ ހިނިއައިސްފައި ބޯޖަހާލީ އެހެންވެއެވެ. ކިޔާންއަށް އާއެކޭ ބުނުމަށެވެ.
“ކީއްވެތަ މާމައަށް ދައްކާލަން ފޯމު ނުގެނައީ، އަޔާބޭބެ ބުނީމަ މާމައަށް އެނގުނީވެސް، އެކަމަކުވެސް އޮންނާނެ އެނގޭ ހަދިޔާއެއް، މޮޅުކުދިންނަށް ހަދިޔާ ލިބެންވާނެއެއްނު ދޯ….ޔޫހާ، ހީވެސް ނުކުރަން މިހާ އަވަހަށް ފެނިދާނެކަމަށް، ވަރަށް އުފާވެއްޖެ…މީ ކޮންކުއްޖެއްތަ” ޒަރާނާގެ ހިތްހެޔޮކަމާއިއެކު ފަހަރަކު މީހަކާ ވާހަކަދައްކަމުންދިޔައެވެ.
“މީ އަފޫ، ކޮއްކޮއެއް” ޔޫހާ ހިނިތުންވެލައިގެން ހުރެ ޖަވާބު ކުރުކޮއްލިއެވެ.
“އެހެންތަ، އާދޭ އަވަހަށް އެތެރެއަށް، ސައި ހަދާފަ ހުންނާނީ، ހިނގާ ސައިބޯން ދަމާ…” ޒަރާނާ ކިޔާންގެ އަތުގައި ހިފާލައިގެން ހުރެ ގޭތެރެއަށް ވަނުމަށް ހިނގައިގަތެވެ. ޔޫހާ އާއި އަފްލީންވެސް ހިނގައިގަތުމުން އެމީހުންގެ ފަހަތުން އައްޔަދުވެސް ހިނގައިގަތެވެ.
“އަޔާ…ޕްލީޒް، ދެންމެއެއްނު އަހަންނާ އަފޫ ކައިގެން މިއައީ، ބަނޑުގަނެތް އެހާ ތަނެއް” ޔޫހާ އައްޔަދުއަށް މަޑުމަޑުން ގޮވާލުމަށްފަހު ސިއްރުން ކަހަލަގޮތަކަށް ބުނެލިއެވެ. އޭނަގެ ކުރިމަތީގައި ހުރެ ކާގެއާއި ދިމާލަށް ދިޔަ ޒަރާނާއަށް އަޑުއިވިދާނެތީ ކަންބޮޑުވެފައި ހުރެއެވެ.
“މަންމާ، އަޅުގަނޑު ބުނީމެއްނޫންތޯ، ޔޫހާ މެންނާ ދިމާވީ ކޮފީއަކުންނޭ، އެމީހުން އެއައީ ކައިގެން….ދެން ކިހިނެއް ސައިބޯނީ” އައްޔަދު ޒަރާނާއަށް ބުނެލިއެވެ.
“ދެން ކޮންމެވެސް ގޮތެއް ހަދާލެވޭނެއެއްނު، މިގެއަށް އަންނަ ފަހަރު އެއްޗެއް ނުދެންޏާ ހިތްހަމައެއް ނުޖެހޭ، ދެން މިފަހަރު ކުޑަގޮތެއް ހަދާލާ…” ޒަރާނާ އާދޭހުގެ ރާގެއްގައި ބުނެލިއެވެ. ކާމޭޒު ފެނުނުއިރު ސައިހަދާފައިވާލެއް ވަކިކުޑައެއްނޫނެވެ. ތަފާތު ވައްތަރުގެ ހެދިކާގެ އިތުރުން ދޮންކޭލާ ބިސްކޯދުވެސް އެތަނުގައި ހުއްޓެވެ. އެހެންވިޔަސް ޒަރާނާގެ އެގާތްކަމަށް އިޙްތިރާމްކުރަން ޔޫހާ ބޭނުންވިއެވެ. ކޮންމެ ސަބަބަކާ ހުރެވިޔަސް ޒަރާނާ އޭނަ އާއި ކިޔާންއަށް އެހާ ރަނގަޅުވީތީ ޔޫހާ ވަރަށް އުފާވެއެވެ. މުއްސަނދިކަމާއިއެކުވެސް ޒަރާނާގެ ދެއްކުންތެރިކަމާ ބޮޑާކަމެއް ނެތެވެ. ޔޫހާ އެންމެ ހިތްހަމަޖެހޭ ސިފައަކީ އެއީއެވެ. އޭނަގެ އަމިއްލަ މަންމަވެސް ލޯބިނުވާވަރަށް ޒަރާނާ ކިޔާންދެކެ ލޯބިވެއެވެ. އެކުއްޖާ އޭނައަށް މާމަގެ ނަމުން މުޙާތަބު ކުރަން ބޭނުންވެއެވެ. އޭނައާއި އެއްވެސް ގުޅުމެއްނެތަސްއެވެ. ސައިބޯން އިން ޔޫހާގެ ހިތަށް މިކަހަލަ ހިޔާލުތަކެއް އަރާފައިބަމުންދިޔައެވެ.
“މީ ޔޫހާގެ އެއްބަނޑު އެއްބަފާ ކޮއްކޮތަ” ޒަރާނާ އަފްލީންއަށް އިޝާރާތްކޮށް އަހާލިއެވެ.
“ނޫން، އަޅުގަނޑު އުޅެނީ އަފޫމެންގޭގަ، އުމުރުގެ ގޮތުންވެސް އަދި އަޅުގަނޑު ދެކެނީވެސް އެއީ އަޅުގަނޑުގެ ކޮއްކޮއެއްކަމުގަ، އެހެންވެ ކޮއްކޮއެކޭ ބުނީ” ޔޫހާ ބުނެލިއެވެ.
“ޔޫހާ މާލެއެއްނޫންތަ؟” ޒަރާނާއަށް އަހާލެވުނެވެ. އޭނަ ޔޫހާ އާއިބެހޭގޮތުން އޮޅުންފިލުވަން ބޭނުންވެއެވެ. ޚާއްޞަކޮށް އައްޔަދު އޭނަގެ ގާތުގައި ދެއްކިވާކައާއި ގުޅިގެންވެސްމެއެވެ.
“ހޫމް، އަޅުގަނޑުމީ ރާއްޖެތެރޭ ކުއްޖެއް” ޖެހިލުމެއްނެތި ޔޫހާ ބުނެލިއެވެ. އިތުރަށް ޒަރާނާ ސުވާލެއްނުކުރިއެވެ. އަދި އޭނަ އާއި ޖެހިގެން އިން ގޮނޑީގައި ބައިންދާފައި އިން ކިޔާންއަށް ދޮންކެޔޮވަކެއް ދެވޭތޯ އުޅެއެވެ. އައްޔަދު ދޭތެރެއަކުން އަފްލީންގެ ތައްޓަށް ކޮންމެވެސް ކާއެއްޗެއް ލާނެއެވެ. އަފްލީން އިންނަނީ އައްޔަދު އާއި ސަކަރާތްޖަހާލާ ހިތުންނެވެ. އެހެންނަމަވެސް ބޭރުގެއެއްގައި ޚާއްޞަކޮށް ޔޫހާގެ ރަޙުމަތްތެރިއެއްގެ ގެއަކަށް އައިސް އަދުބުކުޑަކޮއްލައިގެން އުޅޭކަށް އޭނައަށް ނުކެރޭނެތީވެ މަޑުމަޑުން ތުންފިއްތަ ފިއްތާއިނީއެވެ. އިރުއިރުކޮޅުން އައްޔަދުއަށް ބަލާލާފައި ދެބުމަ ގޮއްޖަހާލާތަން ފެންނާނެއެވެ. ސައިބޮއެ ނިމުނު އިރު އިރުއޮއްސި އަނދިރިވާން ފަށައިފިއެވެ. އެހެންވެ ޒަރާނާ ގޭގެ ބިއްދޮށުގައި އޮންނަ ކުޑަބަގީޗާއަށް ނުކުންނަ ހިޔާލެއް ނުކުރިއެވެ. އޭގެ ބަދަލުގައި އެންމެން ތިބީ ސިޓިން ރޫމުގައެވެ. ކިޔާން އެއްތަނެއްގައި މަޑުން ނީނދެވިގެން އުޅެން ފެށުމުން ޒަރާނާ އައްޔަދުއަށް ގޮވާލާފައި ކިޔާން ގޮވައިގެން އޭނަގެ ކޮޓަރިއަށް ދިއުމަށް ބުންޏެވެ. އަދި އޭނަ އާއިއެކު އަފްލީންއަށްވެސް ގޭތެރެ ދައްކާލުމަށް ގޮވައިގެން ދިއުމަށް ބުންޏެވެ. ހަގީގަތުގައި އޭނަ ބޭނުންވީ ޔޫހާ އާއި އެކަނި އިނދެ ވާހަކަދައްކާލާނޭ ފުރުޞަތެކެވެ. ދެވަނަ ފަހަރަށް ޔޫހާ އޭނަގެ ކުރިމައްޗަށް އައުމުން ހުރިހާ ކަމެއް އެނގުމަށްފަހު ނޫނީ ޔޫހާ ފޮނުވާލަން ޒަރާނާ ބޭނުންނުވަނީއެވެ.
“ޔޫހާއަށް އެނގޭތަ، ދުނިޔޭގަ އުޅޭއިރު މިމުއްސަނދިކަމާ ފައިސާއަކީ އެއްވެސް އުފަލަކާ ހިތްހަމަޖެހުމެއް ހޯދަދޭއެއްޗެއް ނޫން، ހިތަށްދެނީ އިތުރު ހިތްދަތިކަމެއް…އަތުގައި ފައިސާ ގިނަވިވަރަކަށް އަތުން ބީވެދާ އެއްޗެހި މާގިނަ، ރޫޅިގެންދާ ގުޅުންތައް އިތުރުވޭ، މިއަދު އަހަރެން ފެންނަ އެއްވެސް މީހަކު އަހަރެންގެ ނަސަބު އޮޅުންފިލުވުމުގެ ކުރިން އެމީހުންގެ ލޮލަށް ފެންނަ މަންޒަރު ގަބޫލުކުރާލެއް އަވަސްވާނެ، އެކަމަކު ހަގީގަތަކީ އެއެއްނޫން….މި މުއްސަނދިކަމަކީ އާފާގުގެ މިލްކެއް، އޭނަގެ މިންނަތް މަސައްކަތް، އެކަމަކު އޭނައަށް މިނިއުމަތް މިންވަރުކުރެއްވީތީއޭ ކިޔާ ދުނިޔެމަތީ ބޮޑާވެއެއްނުގަތް، މިއަދު އަހަރެން ޔޫހާ އާއި ޚިއްޞާކުރަން މިއުޅެނީ ވަރަށް ބޮޑު ސިއްރެއް، އެކަމަކު އެވާހަކަ ޔޫހާއަށް ކިޔާދިމުނަށްފަހުވެސް އެކަން ސިއްރެއްގެ ގޮތުގައި ބާއްވާދޭނެކަމަށް އަހަރެން ހީކުރަން، މިދައްކަން އުޅޭ އެއްވެސް ވާހަކައެއް އައްޔަދުގެ ކަންފަތަށް އަދި އިވޭކަށް އަހަރެން އެއްގޮތަކަށްވެސް ނޭދެން….” ޒަރާނާއިން ސޯފާގައި އިށީނދެ އިން ޔޫހާގެ ގާތަށް ކުރިއަށްވުރެސް ބޮޑަށް ޖެހިލަމުން ބުނެލިއެވެ. އަދި ޔޫހާގެ އަތްތިލައިގައި ދެއަތުން ހިފާލަމުން ޔޫހާގެ ލޮލާލޯ އަމާޒުކޮށް ބަލާލިއެވެ. ކުޑަކޮށް ހާސްކަމެއްގެ ތެރޭގައި އިން ޔޫހާ މަޑުމައިތިރިކަމާއިއެކު ޒަރާނާ އާއި ވާހަކަދައްކަން ފެށިއެވެ.
“އަޅުގަނޑު، ތިބުނުއްވަނީ ސިއްރެކޭ، އަޔާގެ މަންމަ އަޅުގަނޑުގެ ގާތުގައި ސިއްރު ހާމަކުރައްވަނީ ކީވެގެންތޯ، އެއްގޮތަކަށްވެސް ނުވިސްނުނު” ޔޫހާގެ މޫނުމަތިން ފެންނަމުން ދިޔައީ ހާސްކަމާއި ހައިރާންކަމެވެ. ޒަރާނާ ލުއިގޮތަކަށް ހިނިތުންވެލިއެވެ.
“ޔޫހާ ފެނުމުން އަހަރެންގެ އަމިއްލަ ދިރިއުޅުމުގެ މަތިން ވަރަށް ހަނދާންވޭ، ދުވަހަކުވެސް އަހަންނަށް މިފަދަ އިޙްސާސެއް ކުރެވިފައިނުވޭ، ހިތްބުނަނީ ޔޫހާއަކީ އިތުބާރު ހިފޭވަރުގެ އަންހެން ކުއްޖެކޭ….ޔޫހާ، އަހަރެންގެ އައްޔަދު ނޫނަސް ކުދިންތިބޭ، އެހެން ބަނޑަކަށް ލިބިފައި….އެކަމަކު…އެކަމަކު އައްޔަދުއަކަށް އެކަމެއް ނޭނގޭނެ، އޭނައަށް ހެޔޮވިސްނުން ލިބުނު އުމުރުން ފެށިގެން އުޅުނީ ރާއްޖޭން ބޭރުގައި ކިޔަވަން، އެހެންވެ އޭނައަށް މިހުރިހާ ކަމެއް ސިއްރުކުރަންވެސް ފަސޭހަވީ، ޔޫހާ ހިތަށް އަރާނެކަންނޭގެ އަހަރެން ކީއްވެގެންބާއޭ ސިއްރު ކުރީ، އެނގޭތަ…އެއިން އެއްވެސް ކުއްޖަކު ދެކިލުމުގެ ހުއްދައެއް އަހަންނަކަށް ނެތް، އެކުދިން ބޮޑުވީ އަހަރެންގެ ގާތުގައި ތިބެއެއްނޫން، އަހަންނަކީވެސް ރާއްޖެތެރޭ އަންހެނެއް، މާލެ އައިސް އުޅުނީ ގޭގައި ގެންގުޅޭ ކުއްޖެއް ގޮތަށް، އެކަމަކު އަހަންނަކީ ހަމައެކަނި އެގޭ ބޮޑުމީހާގެ ދަރިން ބަލަން ހުންނަ މީހެއް، އެހެން އުޅުމުގެ ތެރޭގަ އަހަރެންގެ އަލަތު ފިރިމީހާ އާއި ދިމާވީ، މިހާރު އެއީ މާލޭގެ ނަން މަޝްހޫރު ބޮޑު ވިޔަފާރިވެރިއެއް…އެކަމަކު އަހަންނާ އޭނަ ދިމާވިއިރު އޭނައަކީ އެހާ ބޮޑު ފައިސާވެރިއެއްނޫން، އަހަރުމެން ދެމީހުން ލޯބިވިއިރު ހިތަކަށްނާރާ ދެމީހުންގެ މެދުގައި ފޫނުބެއްދޭވަރުގެ ފަރަގުހުރިކަމެއް، ދެމީހުންވެސް ލޯބިވީ ސާފުހިތަކައިގެން އެކަކު އަނެކަކާއިއެކު މުޅިއުމުރު ދުވަސް ހޭދަކުރަން ބޭނުންވެތިބެ…ތަޤްދީރު އެގުޅުމަށް ފުރުޞަތެއްނުދިން” ޒަރާނާ ޔޫހާގެ އަތްތިލާގައި ހިފާލައިގެން އިސްޖެހިފައި ކުޑައިރުކޮޅަކު އިނދެފައި އަނެއްކާވެސް ވާހަކަދައްކަން ފެށިއެވެ.
“އަހަންނަށް އަދިވެސް ނޭނގެ އަހަންނަށް ކުރެވުނީ ކޮން ކުށެއްކަން، ޔޫހާ…އަހަރުމެންގެ ކައިވެންޏަށް އޭނަގެ މަންމަ ހުރަސްއެޅި، ހުރިހާވެސް މައްސަލައަކީ އަހަރެންނަކީ ނިކަމަތި ރާއްޖެތެރޭ އަންހެނަކަށްވީކަން، އެކަމަކު އޭނަގެ ވިޔަފާރި ދަށަށް ދާންފެށުމުން އޭނަގެ މަންމަ އެންމެ ފަހުން އަހަރުމެންގެ ކައިވެންޏަށް ގަބޫލުވީ، ކައިވެނިކޮއްގެން އަހަރެން އެގެއަށް ބަދަލުވުމުން އޭނަ މަންމަގެ ކަންތައްތައް ހުންނަގޮތް އަހަންނަށް ފެންނަން ފެށި، އެއީ ބޮޑާ އަންހެނެއް….އަހަރެންގެ އަލަތު ކައިވެނީގެ އުފާ ގިނަދުވަހަށް ދެމިގެނެއް ނުދިޔަ، އެކަން އެގޮތަށްވުމަށް އެއަންހެން މީހާ ހުރީ ފައިވިއްދާލާފަ، ފިރިމާހާގެ ކަމަކީ އަބަދު ވިޔަފާރީގެ ކަންތައްތައްކުގައި އުޅުން، ގެއަށް އައިސް އުޅޭ ވަގުތުތަކުގައިވެސް ހީވާނީ އޭނައަކީ އޭނަގެ މަންމަގެ އަޅެއްހެން، އަހަރުމެންނަށް ތިންކުދިން ލިބުނު، އެކަމަކު އަހަންނާ އަހަރެންގެ ފިރިމީހާ އަށް ވާހަކަދައްކާލަން ލިބޭ ހަމައެކަނި ވަގުތުކޮޅަކަށްވީ ނިދަން އޮށަންނަ ވަގުތުކޮޅު، އެވަގުުތުކޮޅުވެސް ގެއްލިގެން ހިނގައްޖެ ދެވަނަ ކުއްޖާ ވިހޭތަނާ، އޭގެ ބަދަލުގައި އަހަންނަށް އަގުބޮޑެތިހާ ހަދިޔާތައް ލިބޭ، ދޮށީ ދެކުދިންގެ ކަންތައްތައް ބަލަހައްޓަމުން ދިޔައީ ކިހިނެއްކަންވެސް އޭނައަށް ނޭނގޭނެ…އަހަންނާ އާފާގު އާއި ދިމާވި ދުވަހަކީ އަހަރެން ތިންވަނަ ދަރިފުޅަށް ބަލިވެއިންކަން އެނގުނު ދުވަސް….އެނގޭތަ ކީއްވެކަން، އަހަރެންގެ ފިރިމީހާ….އޭނައަށް ވަގުތުނުވެގެންނޭ ކިޔާ އެވަގުތު އަހަރެން ގޮވައިގެން ހޮސްޕިޓަލަށް ދާން އޭނަ ފޮނުވީ އޭނަގެ އެންމެ ގާތުގައި އުޅުނު އެކުވެރިޔާ…އެއީ އާފާގު، އޭގެ ފަހުން އަހަރެންގެ ކޮންމެ ކަމަކަށް އޭނަ ފޮނުވާނީ އާފާގު، އެބޮޑުގޭގައި އަހަރެންގެ ކުދިން ފިޔަވާ އަހަންނަށް ބޭނުންވާ އިތުރުމީހަކު ނުހުރޭ…ޔޫހާ، އަހަރެން އޭރު ހުރީ ވަރަށް އެކަނިވެފަ، އެފަދަ ވަގުތެއްގައި އަހަރެން ހިތްހަމަޖައްސާލަން މީހަކާ ވާހަކަދައްކާލުން އެއީ މައްސަލައެއްތަ، އަހަރެންގެ ހިތުގެ އުދާސްތައް ބޭރުކުރާކަށް ބޭނުމެއްނުވާނެތަ، އެމީހުން ހީކުރަނީ ފައިސާއިން ހުރިހާ އުފަލަކާއި ހިތްހަމަޖެހުމެއް ގަނެވިދާނެއޭ….އަޅެ ބުނެބަލަ، އެހެންވެދާނެތަ….ހުރިހާ އުފަލެއް ފައިސާއިން ގަނެވިދާނެތަ…” ޒަރާނާ ޔުހާގެ އަތްތިލަ ތަޅުވާލަމުން އަހާލިއެވެ. އެހިނދު އަވަސްއަވަހަށް ޔޫހާ ދެފަރާތަށް ބޯހޫރުވާލީ ނޫނެކޭ ބުނާށެވެ. އޭނަ އިނީ ޒަރާނާ ދައްކަމުންދިޔަ ވާހަކަ ކަނުލާ އަޑުއަހާށެވެ. އޭރު އޭނައަށް ހަނދާންވީ ލާއިގާގެ މަތިންނެވެ. ޒަރާނާގެ ފިރިމީހާގެ މަންމައަކީ ލާއިގާ ފަދަ އަންހެނެކޭ ޔޫހާގެ ހިތަށްއެރިއެވެ. އެހެންނަމަވެސް އޭނައަށް އަދިވެސް ޒަރާނާ އެދައްކާ ވާހަކައިގެ ހަގީގަތެއް ނޭނގެއެވެ.
“އާފާގު އަހަރެންގެ އެކަނިވެރިކަން ފިލުވާދިން، އަހަރުމެން ދެމީހުންގެ މެދުގައި އޭރުއޮތީ ހަމައެކަނި ރަޙުމަތްތެރިކަން، ގޭގެ ގޯތި ތެރޭގައި ކުދިން ނިންދަވާފަ ނުކުމެ އާފާގު އާއި ވާހަކަދައްކަން އިންނަންފެށުމުން އެކަމަކާ ހިތްހަމަ ނުޖެހުނީ އަހަރެންގެ ފިރިމީހާގެ މަންމަ، އެވާހަކަ އާފާގުގެ ގާތުގައި ބުނުމުން އޭނަ ބުނި ދެންނާންނާނަމޭ، އެކަމަކު އަހަރެން އޭނަ ހުއްޓުވީ، އަހަންނަށް ލިބޭ ކުޑަކުޑަ ހިތްހަމަޖެހުންވެސް އެއަންހެން މީހާ ނިއުޅައިގަންނަން އުޅެން ފެށުމުން އިތުރަށް ކެތްނުކުރެވުނު، އާފާގު އާއި ވާހަކަ ދެއްކުން ހަމައެކަނި މަނާ ކުރެވޭނީ އަހަރެންގެ ފިރިމީހައަށޭ އަހަރެން ބުނިން، ދެން އިނގޭތަ ވީކިހިނެއްކަން….އަހަރެން ބަދުނާމު ކުރަންފެށީ، ފިރިމީހާގެ ކުރިމަތީގަވެސް، ގެއަށް އަންނަ މެހެމާނުންގެ ކުރިމަތީގަވެސް….އަހަރެންގެ ނިކަމެތިކަން އެހެންމީހުންނަށް ދައްކަމުން އެއަންހެން މީހާ ދިޔައީ، އެވަރުންވެސް އަހަރެން ވަރަށް ކެތްކުރިން، އެކަމަކު އޭރު އަހަރެންގެ ކައިވެނި މަތިން މުޅިން ފޫހިވެއްޖެ، ކެތްތެރިވީ ހަމައެކަނި ދަރިންނައްޓަކައި، ތިންވަނަ ދަރިފުޅު ވިހައިގެން ގަދަވޭތޯ ބަލަބަލާ މައިދައިތަހުރީ….އޭނަގެ ހުރިހާ ރޭވުމެއް އޭނަ ކާމިޔާބުކުރި، އެދުވަހު ހަތަރުދަމު އަހަންނާ ދިމާލަށް އެއްޗެހި ކިޔުން ނޫންކަމެއް އޭނާ ނުކުރި، އަހަރެންގެވެސް ހިތެއްވޭ، އެހިތަށް ތަދުވޭ…އިންތިހާއަށް ދެރަވޭ…އެރޭ އާފާގުއަށް އަހަރެން އެވާހަކަތައް ކިޔާދިނިން، ރޮވެންވެސް ރޮވުނު…ދަރިންނައްޓަކައި ކިހާ ދުވަހަކު ކެތްކުރަންޖެހޭނެ ބާއޭ ހިތަށްއެރި، އެރޭ ފުރަތަމަ ފަހަރަށް އަހަންނަށް އާފާގު ހިމާޔަތެއްގެ ގޮތުގައި ހުޅުވާލި އަތުގެތެރެއަށް ވަދެ އެމޭގައި ބޯއަޅާލެވުނީ، އަހަންނަށް އަޅާލާނެ ގާތް ރަޙުމަތްތެރިއަކު ހުރީތީވެސް ހިތަށް ލުއިކަމެއް ލިބިގެންދިޔަ، އެކަމަކު….ޔޫހާ….އަހަރެންގެ އެޢަމަލުގެ ސަބަބުން އަހަރެންގެ ފިރިމީހާ އަހަރެންނާމެދު ޝައްކު ކުރީ، ގޭންނެރި އެއްލާލަން ބޭނުންވީ، އޭނަގެ މަންމައަށް އޭނަ އިތުބާރުކުރި، އެހިސާބަށް ކަންތައް ދިއުމުން އަހަންނަށް އެނބުރެވުނީ އާފާގުއާއި ދިމާލަށް، ދެން އެހެން ކާކު އަހަރެންގެ ހުރީވެސް، އޭނަ އަހަރެން ބަލާ އައިއިރު އަހަރެން ހުރީ ސިޓިން ރޫމު ދޮރުން ބޭރުގަ، އަހަރެންގެ ފައިކައިރީ އޭރު ހެދުންތައް އަޅާފައި ހުރި ފޮށި އޮތް، އިއްޔެވީކަމެއްހެން އަހަރެން އަދިވެސް އެދުވަސް ހަނދާންއެބަހުރި، އާފާގު އައީއެކު މިގެއަށް އަހަރެން އައީ އެވަގުތުން ފެށިގެން، ވަރިކޮއްފަ އަހަރެން ބޭރުކޮއްލީ ކައިވެނީގެ ބޭރުން ގުޅުންހިންގީއޭ ކިޔާ ބަދުނާމުކޮއްފަ، އަހަރެން އެއަންހެން މީހާއަށް ދުވަހަކުވެސް މާފެއްނުކުރާނަން، އެއީ ހަމައެކަނި އަހަރެންގެ ކައިވެނި ރޫޅުނީމައެއްނޫން، އެކަމަކު އަހަންނާ އަހަރެންގެ ދަރިން ދުރުކުރުވީމަ، އަހަރެން އެކުދިން ހޯދަން މަސައްކަތްކުރިން، ކޯޓަށް މައްސަލަ ހުށަހެޅިން، އެކަމަކު މައްސަލަ ނިމުނީ އެމީހުންގެ ކޮޅަށް، އަހަންނަށް އަހަރެންގެ ދަރިން ނުލިބޭނެކަމަށް، ކުދިންދެެކެލުމަށް އެގޭ ދޮށަށް ދެވުނީ ކިތަށްފަހަރުކަމެއް ނޭނގެ، އެކަން ނިމިގެންދިޔައީ އެއްވެސް އިންސާފެއްނެތި، ޔޫހާއަށް އެނގޭތަ، އަހަރެންގެ ތުއްތު ތުއްތު ދަރިފުޅުގެ ތުނބުން ކިރުނުހިކޭ އޭރު، އެހެން ހަދަން ހެޔޮވާނެތަ، އެދުވަހު އަހަންނަށް އެނގުނު އެމީހުންގެ ކުޑަވެސް އިންސާނިއްޔަތުކަމެއްނެތްކަން، އެމީހުންނަށް ފައިސާއަކީ ހުރިހާ އެއްޗެއް….އެމީހުންގެ ނަޒަރުގައި އަހަރުމެންފަދަ ނިކަމެތިންނަކަށް މިތަނުގައި ޖާގައެއްނެތް….އައްޔަދުއަކީ އަހަންނާ އާފާގު ކައިވެނި ކުރިފަހުން ލިބުނު ކުއްޖެއް، މިހުރިހާ ކަމަކަށްފަހު އަހަންނަށް އެހާ ހިތްވަރެއް ނުލިބުނު އެވާހަކަތައް އައްޔަދުއަށް ކިޔާދޭން، އެނގޭ ކޮންމެވެސް ދުވަހަކުން އޭނައަށް އެނގޭނެކަން އަދި އެނގުން މުހިއްމުކަންވެސް، ޔޫހާ….އަހަރެން ބިރުގަނޭ އައްޔަދު އަހަރެންދެކެ ފޫހިވެ ރުޅިއަތުވެދާނެތީ، ނޫނީ އޭނަ އެކުދިންދެކެ ފޫހިވެދާނެތީ….އައްޔަދުއަކީ ރަނގަޅު ކުއްޖެއް، އޭނަގެ ބައްޕަ ކަހަލަ ހިތްހެޔޮ އޯގާތެރި މީހަކަށްވުމަށް އަހަންނަށް އަބަދުވެސް އެދެވޭ، އޭނަ ޔޫހާ ގޮވައިގެން އައުމުން އަހަންނަށް ހީވީ އަހަރެންގެ މާޒީގެ އެކިއެކި މަންޒަރުތައް ލޯކުރިމަތީ ކުލަވެގެންދިޔަހެން…ކޮންމެގޮތެއްވިޔަސް މާޒީވާނީ މާޒީއަށް، އޭރުގެ އެއްވެސް ކަމެއް ނުވާކަމަކަށް ނުހެދޭނެ، އަހަރެންގެ ދަރިންމަތިން ވަރަށް ހަނދާންވޭ، މިހާރު ތިބީ ވަރަށް ބޮޑެތިވެފަ…..އެކަމަކު އެކުދިންނާ އަހަންނާ އެއްވެސް ގުޅުމެއްނެތް، އަހަރެންގެ މާޒީ އެނގޭ ހުރި ހަމައެކަނި މީހަކީ އާފާގު، އެކަމަކު މިވާހަކަތައް އިތުރު މީހަކާ ޚިއްޞާކޮއްލެވުނީތީ ހިތާ ސިކުނޑިއަށް ވަރަށް ލުއިވެއްޖެ، އަހަންނަށް ޔޫހާ ވަރަށް ކަމުދޭ، އެއަށްވުރެ ބޮޑަށް ޔޫހާގެ ދަރިފުޅު ކިޔާން ފެނުމުން ހިތަށް ހަމަޖެހުން ލިބިގެންދޭ” ޒަރާނާ ފެންކަޅިވެފައި އިނދެ ޔޫހާއަށް ބަލާލިއެވެ. އަދި ޔޫހާގެ އަތްތިލައިން ދޫކޮއްލުމަށްފަހު ދެއަތުން މޫނު ފޮހެލާ ފަދަ ގޮތަކަށް ދެލޮލަށް ޖަމާވެފައިވާ ކަރުނަތައްވެސް ފޮހެލައިފިއެވެ.
“އަޔާގެ މަންމަ ނުބުނާށޭ ބުނާ ވާހަކައެއް އަޅުގަނޑު އެކަކު ކައިރީވެސް ނުދައްކާނަން” ޔޫހާ މަޑުމަޑުން ބުނެލިއެވެ. ޔޫހާ މިހެން ބުނެލިއިރު އޭނައަށް ޒަރާނާ އެހުރިހާ ވާހަކައެއް ކިޔާދިންއިރުވެސް އޭނަގެ އަލަތު ފިރިމީހާއަށް ކިޔާނަމެއް އެއްފަހަރުވެސް ނުބުނާކަން ފާހަގަވިއެވެ. އެހެންނަމަވެސް އެމީހަކު އެނގުން ޔޫހާއަށް އެހާ މުހިއްމު ނުވާތީ އެސުވާލު ނުކުރީއެވެ. ޒަރާނާ އޭނަގެ ގާތުގައި އެއީ ކޮންބައެއްކަން އަންގަން ބޭނުންނަމަ އެކަންވެސް ހާމާކުރީހޭ ޔޫހާގެ ހިތްބުންޏެވެ.
“ވަރަށް އުނދަގޫދޯ ފިރިއަކާއިނުލާ އެކަނި ދަރިފުޅު ބަލަން، އަހަންނަށް އެނގުނު ޔޫހާ އެދުވަހު ޖަވާބުދިންގޮތުން ކިޔާންގެ ބައްޕަ އާއި ޔޫހާ އާއި އުޅެނީ އެކުގައި ނޫންކަން، އެކަމަކު ކިޔާން ދެކެން އޭނަ އަންނަކަން، އެވަރުވާކަންވެސް ނަސީބެއް، އެންމެ ބޮޑު ނަސީބަކީ ދަރިފުޅު އަތުލަން ނޫޅޭކަން….ދޯ ޔޫހާ…އޭއި، ކީއްވެތަ އެއްޗެއް ނުބުނެ ތިއިނީ، ޔޫހާ ހާދަ ބަސްމަދޭ، އަބަދުވެސް ތިހާ ބަސްމަދުތަ” ޒަރާނާ އަހާލިއެވެ.
“އަޅުގަނޑު ދައްކާނެ މާގިނަ ވާހަކަތަކެއް ނޯންނާތީ ވާހަކަނުދައްކަނީ” ޔޫހާ ކުޑަކޮށް ހިނިތުންވެލަމުން ބުނެލިއެވެ.
“ސުވާލެއް ކުރަންތަ” ޒަރާނާ ފުން ނަޒަރަކު ބަލާލަމުން ބުނެލިއެވެ. ޔޫހާ އާއެކޭ ބުނުމަށް ބޯޖަހާލިއެވެ. އަދި ދަބަހުން ނެގި ފޯނަށް ބަލަލާފައި ވަށައިގެން ހޯދާލިއެވެ.
“ލަސްވަނީތަ؟” ޒަރާނާއަށް ޔޫހާގެ ހަރަކާތްތައް ހުރިގޮތް ފެނިފައި އަހާލެވުނެވެ.
“އެހާ ގިނައިރު ކިޔާން ގޭން ބޭރުގަ ނުގެންގުޅެން، އޭނަ ވަރަށް އަވަހަށް ނިދާނެ….” ޔޫހާ ބުނެލިއެވެ. އޭނައަށް ޒަރާނާ ކުރި އިތުބާރާއިއެކު ހިތްހަމަޖެހިލައި ކުރިއަށްވުރެ ގާތްކޮށް ވާހަކަދެކެވުނެވެ.
“އައްޔަދު، ދަރިފުޅާ….” ޒަރާނާ ސޯފާގައި އިނދެފައި ތަންކޮޅެއް ބާރަށް ގޮވާލިއެވެ. އޭނައަށް އައްޔަދުގެ ހިލަމެއްނުވުމުން ތެދުވެގެން އައްޔަދުގެ ކޮޓަރި އާއި ދިމާލަށް ދިޔައެވެ. ޔޫހާ އިންގޮތަށް އިނީއެވެ.
“ދަރިފުޅާ، ޔޫހާ ގެއަށް ދާން ބޭނުންވެފަ އެއިނީ، ކިޔާން ވަރަށް އަވަހަށް ނިދާކުއްޖެއް އެއީ، އެމީހުން ގެއަށް ގެންގޮސްދޭންވީނު” ޒަރާނާ އައްޔަދުގެ ކޮޓަރި ދޮރުހުޅުވާލާފައި އެނދުމަތީގައި އިން އައްޔަދުއަށް ބުނެލިއެވެ. އޭރު ކިޔާން އިނީ އައްޔަދުގެ އުނގަށްވަދެއެވެ. އަފްލީން އެނދުގެ އެއްފަރާތެއްގަ ހުރި ގޮނޑިއެއްގައި އިނެވެ. އެމީހުން ބަލަމުންދިޔައީ ކާޓޫނު ފިލްމެކެވެ. އައްޔަދު އާއެކޭ ބުނަންއުޅެފަވެސް ފައުޒީގެ މަތިން ހަނދާންވުމުން އޭނަގެ މަންމައަށް އެމީހުން ބަލަންތިބި ފިލްމު ނިމެނީކަމަށް ބުންޏެވެ. އަދި އެފިލްމު ނިމުނީމަ ޔޫހާމެން ގެއަށް ގެންގޮސްދޭނަން ކަމައްވެސް ބުންޏެވެ. ޒަރާނާ ބޯޖަހާލަމުން އެކޮޓަރިން ނުކުމެގެން ސިޓިން ރޫމަށް އައެވެ.
“އެބަތިބި ކޮންމެވެސް ކާޓޫނު ފިލުމެއް ބަލަން، ނިމެނީ އޯ މިހާރު، ނިމުނީމަ އައްޔަދު ޔޫހާމެން ގެއަށް ގެންގޮސްދޭނެ” ޒަރާނާ ބުނެލިއެވެ. ޔޫހާ ޖަވާބުގައި ހިނިތުންވެލީއެވެ. ދެންވެސް ވާހަކަދައްކަން ފެށީ ޒަރާނާއެވެ. އޭނައަށް ޔޫހާ އާއި ސުވާލެއް ނުކޮށް ނީނދެވުނެވެ. ޒަރާނާ ޔޫހާގެ އާއިލާ އާއި ބެހޭގޮތުން އޮޅުންފިލުވިއެވެ. މަޑުމަޑުން އިނދެ ޔޫހާ ކިޔައިދިނެވެ. އެކަމަކު އޭނައަށް ކިޔާންގެ ސިއްރު ހާމަކުރާކަށް ނުކެރުނެވެ. ޔޫހާއަށް ވާހަކަތަކުގެތެރެއިން ހައިރާންކަމެއް ލިބިގެންދިޔައެވެ. ޒަރާނާ އައްޔަދުގެ ހޮވުން ވަރަށް ރަނގަޅޭ ބުނުމުންނެވެ. ކީއްވެ އޭނަ ބުނިއެއްޗެއް ބާއޭ ޔޫހާގެ ހިތުގައި ސުވާލު އުފެދުނެވެ.
“އައްޔަދު އަޅުގަނޑާއި ގުޅިގެން އެއްވެސް ވާހަކައެއް ބުނީތަ…” ޔޫހާއަށް ހައިރާންކަމާއިއެކު އަހާލެވުނެވެ.
“އެހެންވީމަ އޭނަ އަދި ޔޫހާގެ ގާތުގައި ނުބުނޭ ދޯ، އެކަމަކު ބުނަން މި މަންމަގެ ރުހުންވަނީ ޔޫހާ އާއިއެކު، މައްސަލައެއްނޫން އެއީ ދަރިއަކު ހުރުން، މާ އަވަހަށްދޯ ހުރިހާ ކަމެއް މިކިޔާލެވެނީ، އައްޔަދު ޔޫހާ ގާތު ބުނަންދެން އެހެންވީމަ މަޑުކުރޭ…އަހަރެން ބުނުމުން ކަމަކު ނުދާނެ…” ޒަރާނާ އަވަސް އަވަހަށް ވާހަކަ އޮއްބާލިއެވެ. އައްޔަދު ޔޫހާގެ ގާތުގައި އަދި ކައިވެނީގެ ވާހަކަ ނުދައްކާކަން އެނގުމުންނެވެ.
“ހިނގާ ދަމާދޯ…” ކިޔާން އާއިއެކު ސިޓިންރޫމަށް ނުކުތް އައްޔަދު ބުނެލިއެވެ.
ސޯފާއިން ތެދުވި ޔޫހާ ކުޑަކޮށް ސިހޭގޮތްވީ އޭނަގެ އަތްދަބަހުގައި އޮތް ފޯނު ރިންގުވިއަޑަށެވެ. ފޯނުގެ ރިންގުގެ އަޑުންވެސް އޭނައަށް ގުޅީ ޒައުލްކަން އެނގުނެވެ. ހަމައެވަގުތު އައްޔަދުގެ އަތުން ވީއްލިގެން ކިޔާން ދުވެފައިއައިސް ޔޫހާގެ ފައިގާ ބައްދާލައިފިއެވެ. އަދި އައްޔަދު އާއިއެކު ބަލާފައި އައި ކާޓޫނު ފިލްމުގެ ވާހަކަ ކިޔާދޭންފެށިއެވެ. ޔޫހާ ކިޔާންއަށް ހިނިތުންވެލަމުން އޭނަގެ ވާހަކަތައް އަޑުއަހާކަން ބޮލުގެ އިޝާރާތުން އަންގާލަމުން އަތްދަބަހުގައި އޮތް ފޯނުނެގިއެވެ.
“ހެލޯ…” ޔޫހާ އޭނަގެ ވަށައިގެން ތިބިމީހުންނަށް އަވަސް ނަޒަރެއްދެމުން މަޑުމަޑުން ބުނެލިއެވެ.
“ކޮންތާކު…” ޒައުލްގެ އަޑު ފޯނުންއިވުނީ ވަރަށްވެސް ބާރަށެވެ. ޔޫހާގެ ތުންފަތަށްވެރިވެފައިވާ ހިނިތުންވުން ގެއްލި ކަންބޮޑުވުމާއިއެކު އެންމެ ގާތުގައި ހުރި ޒަރާނާއަށް ބަލާލެވިއްޖެއެވެ. އަދި ޒަރާނާ އާއި ކުޑަކޮށް އެއްފަރާތްވެލަމުން ފޯނަށް ޖަވާބުދިނެވެ.
“ރައްޓެއްސެއްގެ ގޭގަ” ޔޫހާ ސިއްރުން ކަހަލަގޮތަކަށް ބުނެލިއެވެ.
“ކޮންއިރަކުން ގެއަށް އަންނަނީ، އަހަރެން ބުނީމެއްނު އޮފީހުގެ ކަންތައްތައް ނިންމާލާފަ ޔޫހާގެ ގާތަށް ދާނަމޭ، އެހެންނޫނަސް އެމީހެއްގެ ގެއަށްދާވަރުގެ އެއީ ކޮންރައްޓެއްސެއް…” ޒައުލްގެ އަޑުގައިވާ ހިތްހަމަނުޖެހުމާ ރުޅިވެރިކަން ޔޫހާއަށް އިޙްސާސްކުރެވިގެންދިޔައެވެ. ޒައުލް ރުޅިއައިސްފަހުރި ސަބަބު ނޭނގުނުކަމުގައިވިޔަސް އޭނައަކީ ރުޅި ކޮންޓްރޯލު ކުރަން އުނދަގޫ މީހެއްކަން ޔޫހާއަށް އެނގެއެވެ. އެކަމާ ޔޫހާ ކަންބޮޑުވެފައިހުރެ ކުރިއެކޭ އެއްގޮތަށް ސިއްރުން ވާހަކަދެއްކިއެވެ.
“އަހަރެން މިދަނީ….ގެއަށްގޮއްސަ ވާހަކަދައްކާނީ، އެހަށްބާވަނީ…” ޔޫހާ އިތުރަށް ވާހަކަދައްކަން ބޭނުންނުވެހުރެ ބުނެލިއެވެ. ޒައުލް ޔޫހާގެ ވާހަކަތައް އަޑުއެހުމެއްނެތި ބާރަށް ވާހަކަދައްކަމުންދިޔައެވެ. ޔޫހާއަށް އައްޔަދުގެމެންގޭތެރޭ ހުރެ ފޯނުން ޒައުލް އާއި ބޭނުންވާހަކައެއް ނުދެއްކޭނަކަން އެނގޭތީވެ އޭނައަށް މަޖުބޫރުވީ ޒައުލް ވާހަކަދައްކަ ދައްކާ ހުއްޓަ ފޯނު ކަނޑާލާށެވެ.
“ހިނގާ ދަމާ…” ޔޫހާ ކިޔާންގެ އަތުގައި ހިފާލަމުން ބުނެލިއެވެ. އަދި ގަދަކަމުން ހިނިތުންވެލާފަދަ ގޮތަކަށް އައްޔަދު އަށާއި ޒަރާނާއަށް ބަލާލަމުން ހިނިތުންވެލިއެވެ. ޒަރާނާ ވަރަށް އަވަހަށް އެބައަންނަންކަމުގައި ބުނެ އެތެރެއަށް ހިނގައިގަތެވެ.
“މަންމާ، ބޭރުގަ މަޑުކޮއްލައިގެން މިތިބީ…” އައްޔަދު ހީނލާފައި މިހެންބުނެ ގޭން ނުކުންނަން ހިނގައިގަތެވެ. ޔޫހާވެސް ކިޔާންގެ އަތުގައި ހިފައިގެން ސިޓިންރޫމު ދޮރާދިމާލަށް ހިނގައިގަންނަމުން އަފްލީންއަށް ބަލާލިއެވެ. އޭރު އަފްލީންވެސް އެމީހުންގެ ފަހަތުން ނުކުތުމަށް ހިނގައިގެންފިއެވެ.
ގޭގެ ދޮރުމަތީގައި މަޑުކޮއްލައިގެން ހުރިއިރު ޔޫހާގެ އަތުގައި އޮތް ފޯނު ދެތިންފަހަރަށް ރިންގުވެއްޖެއެވެ. ހަމަކޮންމެ ފަހަރަކު ޔޫހާ ފޯނަށް ބަލާލަމުން ރިންގުކަނޑާލަނީއެވެ. އޭނަގެ ހަރަކާތް އަވަސްވެފައިވާކަން އަފްލީންއަށްވެސް ފާހަގަކުރެވުނެވެ. ޔޫހާ ދޭތެރެއަކުން ތުންފިއްތާލަމުން ދޮރޯށިން އެތެރެއަށް ބަލާލަނީ ޒަރާނާ އަންނާނެ އިރަކަށެވެ. އައްޔަދު އަފްލީން އާއި ޔޫހާ އާއި ވާހަކަދައްކަމުން ކިޔާން އުރާލިއެވެ. އަދި ކިޔާން އާއި ސަމާސާ ކޮއްލުމާއިއެކު ޔޫހާގެ ކޮނޑުގައި ޖެހިލާފައި އެއްޗެއް ބުނެލިއެވެ. ހާސްވެފަހުރިވަރުން އައްޔަދު ބުނީ ކީކޭކަން ނޭނގުނުކަމުގައި ވިޔަސް ޔޫހާ ހިނިތުންވެލިއެވެ. އެއާއިއެކު އައްޔަދު ޔޫހާގެ ކޮނޑުގައި ހިފާލަމުން އޭނަ އާއި ގާތްކޮއްލިއެވެ. އެހިނދު ޔޫހާ ބޭރަށްލަމުންދިޔަ ނޭވާވެސް ހުއްޓުނުފަދައެވެ. އަވަސްއަވަހަށް އައްޔަދު އާއި ދުރަށް ޖެހިލަންއުޅުނެވެ. އެކަން އައްޔަދުއަށް ފާހަގަވި ހެނެއް ހިއެއްނުވެއެވެ. އޭނަ ޔޫހާގެ ކޮނޑުން ދޫކޮއްލާކަށް ނޫޅުނެވެ. ޔޫހާއަށްވެސް މަގުމަތީގައި ހުރެ އެކަން މާބޮޑުކަމަކަށް ހަދާލަން ނުކެރުނީއެވެ. އިރުކޮޅަކުން ވާހަކައިގައިހުރެ އައްޔަދު ޔޫހާގެ އުނަގަނޑުގައި ހިފާލިއެވެ. އަފްލީނަށް ފެންނަ މަންޒަރުތަކުން އޭނަވެސް ހުރީ ހައިރާންވެފައެވެ. އައްޔަދު އޭނަ ހީވެސް ނުކުރާހާ ގާތްކޮށް ޔޫހާ އާއިމެދު ކަންތައްކުރާތިއެވެ. އައްޔަދު ކިޔާން އުރާލައިގެން ޔޫހާގެ އުނަގަނޑުގައި ހިފާ އޭނަ އާއި އެހާ ގާތްކޮއްލައިގެން ހުރިއިރު އެދެމީހުންނަކީ ދެރަޙުމަތްތެރިން ހެންނެއް އަފްލީންއަކަށްވެސް ގަބޫލެއްނުކުރެވެއެވެ. އެހެންނަމަވެސް ޔޫހާގެ މޫނުމަތިން އޭނާ ހުރީ އައްޔަދުގެ އެހަރަކާތްތަކުގެ ސަބަބުން އުނދަގޫވެފަކަން އެނގެނީވެސް ހަމައެކަނި އަފްލީންއަށެވެ. ޒަރާނާ ގޭތެރެއިން ގޮވާލިއަޑުއިވުމާއިއެކު އައްޔަދު ކިޔާން ތިރީގައި ބެހެއްޓިއެވެ. އެއާއިއެކު ހަމަޖެހުމުގެ ނޭވާއެއް ޔޫހާއަށް ލެވުމާއިއެކު އަވަސް އަވަހަށް އައްޔަދު އާއި ދެތިން ފިޔަވަޅު ދުރަށް ޖެހިލެވުނެވެ.
“އަހަރުމެން ހިނގާލާފަ ދާނީ، ދޯ އަފޫ….” ޔޫހާ އަފްލީންއަށް ބަލާލަމުން އަވަސްއަރުވާލާފަ ބުނެލިއެވެ. ޔޫހާގެ އެބަލާލުމުން އޭނަ އަވަހަށް ދާންބޭނުންވެފަ ހުރިކަން އަފްލީންއަށްވެސް އެނގުނެވެ. އެހެންވެ މިފަހަރު އޭނަވެސް ޔޫހާ އާއި އެއްބަސްވިއެވެ. ގޭތެރޭގައި ހުރި ޒަރާނާ ކިޔާންއަށް ގޮވާލުމަށްފަހު އޭނަ އާއި އެއްހަމައަކަށް ތިރިވެލަމުން އަތުގައި އޮތް ކޮތަޅުދިއްކޮއްލިއެވެ. ދެންވީގޮތެއް އެކަކަށްވެސް ނޭނގުނެވެ. ފެނުނީ ކުއްލިއަކަށް ޔޫހާގެ އަތުގެ މުލައްދަނޑީގައި ހިފާ މީހަކު ދަމައިގަތްތަނެވެ. ޔޫހާވެސް ސިހިގެންގޮސް ބަލާލެވުނުއިރު އޭނައަށް އެންމެ ފުރަތަމަވެސް ފެނުނީ ރުޅިއައިސް ރަތްވެފައި ހުރި ޒައުލްގެ މޫނެވެ. ޒައުލް ދަމައިގަތް ގޮތުން ޔޫހާ ނުވެއްޓުނީ ކިރިޔާއެވެ. އެތަންފެނި އަފްލީންއަށް ޔޫހާގެ އަތުގައި ހިފުމަށް ކުއްލިއަކަށް އަތްދިއްކޮއްލެވުނެވެ.
“ކޮންމެހެން މިކަން ކުރަން ބޭނުންވަންޏާ އިންނަން ރަންކީ ކީއްކުރަންތަ؟ ރީތިކޮއް އަހަރެން ކައިރީ ބުނިނަމަ…” ޒައުލް ޔޫހާގެ އަތުގައި ހިފާ ދަމަމުން އައްޔަދު އާއި ދުރަށް ގެންދިޔައެވެ.
“ޒައުލް…” ދެލޯބޮޑުކޮއްލައިގެން ހަދާނެގޮތެއް ނޭނގިފައިހުރި އަފްލީންއަށް ބާރަށް ބުނެވުނެވެ.
“ޑެޑީ…” ޒަރާނާދިން ކޮތަޅުގައި ހިފި ކިޔާން ޔޫހާ އާއި ޒައުލް އާއި ދިމާލަށް ދުއްވައިގަތެވެ. އައްޔަދު ދެޖީބަށް އަތްޖަހާލައިގެން ހުރި ފިޔަވަޅުމަތީ ހުރީއެވެ. ޒަރާނާއަށް މަގުމަތިން ފިރިހެނަކު އަޑަގަދަކުރާއަޑުއިވުމާއިއެކު ކިޔާންގެ ދުލުން ޑެޑީއޭ ބުނިއަޑުވެސް އިވުނެވެ. އެއީ ކާކުތޯ ބަލާލުމުގެ ޝައުގުވެރިކަމާއިއެކު ތެދުވެ ގޭތެރެއިން މަގުމައްޗަށް ނުކުތެވެ. އެއްލި ކަޅިއަކުން އައްޔަދުގެ ތުންފަތަށްވެރިވެފައިވާ މަލާމާތުގެ ހިނިތުންވުން ޒައުލަށް ފެނުމާއިއެކު ހީވީ އޭނަގެ ލޮލުން ކަނިބުރައިގެންދިޔަހެނެވެ. ޔޫހާގެ އަތްފޮޅުވާލުމާއިއެކު އެދިޔަގޮތަށްގޮސް އައްޔަދުގެ މޭގައި ދެއަތްއަޅާ ފަހަތަށް ކޮއްޕާލިއެވެ. އަދި އިތުރަށް ޒައުލް އައްޔަދު ފާރާދިމާލަށް ކޮއްޕާލުމަށް ނެގިއަތާއިއެކު ދޮރޯށި ކުރިމަތީ ހުރި ޒަރާނާފެނުމުން އޭނައަށްވެސް ހުއްޓުންއެރިއެވެ. އެހެންނަމަވެސް ދެބުމަގޮއްޖަހާލުމާއިއެކު ހިއްލާލެވިފައި ހުރި އަތްތިލަ މުއްކަވާލަމުން ޒަރާނާއަށް މޫނު އަނބުރާލާފައި ދާންއުޅެފަވެސް އައްޔަދު އާއި ދިމާލަށް އެނބުރިލަމުން ޝަހާދަތް އިނގިލި ދައްކާލިއެވެ.
“އެއީ މަގޭ ދަރިއެއް…ކަލެއަށްވެސް އެކަމެއް ބަދަލެއްނުކުރެވޭނެ…” ޒައުލް ރުޅިވެރިކަމާއިއެކު ދަތްތައްބާރުކޮއްލަމުން ޝަހާދަތް އިނގިލި އައްޔަދުއަށް ދިއްކޮއްލައިގެން ހުރެ ބުނެލިއެވެ. ޒަރާނާ ހުރީ ބުނާނެއެއްޗެއް ނޭނގި ޒައުލްގެ މޫނަށް ބަލަހައްޓައިގެން ހުއްޓުން އަރާފައެވެ. އޭނަގެ ހިތްބުނީ ދޮގެއްނޫންކަން މިއަދު އޭނައަށް އެނގިއްޖެއެވެ. ކިޔާން އާއި އޭނަގެ ލެޔާ ގުޅުމެއްވާކަން ޔަގީންވެއްޖެއެވެ. ޒައުލް އެއްއަތުން ކިޔާން އުފުލާލުމާއިއެކު އޭނަގެ އަތުގައި އޮތް ޒަރާނާދިން ހަދިޔާ ވެއްޓުމުން އެނެގުމަށް އުޅުނެވެ. ޒައުލް އައިސްފަހުރި ގަދަ ރުޅީގައި ކިޔާން އާއި ދިމާލަށްވެސް ހަޅޭލަވައިގަތެވެ. އެހިނދު ކިޔާން ތުންފިއްތާލާފައި ޔޫހާ އާއި ދިމާލަށް ބަލާލަމުން ރޯންފެށިއެވެ. މިނޫނީ ދުވަހަކުވެސް ޒައުލް ރުޅިއައިސްފަ ހުރެ އެހާބާރަށް ކިޔާން އާއި ވާހަކަދައްކާފައެއްނުވެއެވެ.
“ޒައުލް، ޕްލީޒް….މަގުމަތީގަ ތިހެން ނުހަދާ، ކިޔާން އަހަރެންގެ އަތަށްދީ، ޕްލީޒް ޒައުލް…އަމިއްލަ މީހާ އާއިމެދު ނިކަންވިސްނާލަބަލަ އެއްފަހަރުވެސް….ޒައުލް، އަޑުއަހާބަލަ…” ޔޫހާ އާދޭސްކުރަމުން ޒައުލްގެ އަތުން ކިޔާން އަތުލުމަށްއުޅުނެވެ. ޒައުލް ޔޫހާގެ އަތުގައި ހިފިގޮތަށް އެއްފަރާތަކަށް ދަމައިގަންނަމުން އޭނަގެ ކާރާދިމާލަށް ދިޔައެވެ.
“އޭ….ޒައުލް….ކަލޭގެ އަޅެއްތަ ތިގެންދަނީ ތިގޮތަށް، އަހަންނަށް އެނގިފަ އޮތްގޮތުގަ ޔޫހާއަކީ ފުރިހަމަ މިނިވަނެއް، އޭނަ ބޭނުން މީހަކާ ވާހަކަދެއްކުމުގެ ހުއްދަ އޭނައަށް ލިބިގެންވޭ، ކިޔާންއަކީ ކަލޭގެ ދަރިއެއްކަމަކު ޔޫހާއަކީ ކަލޭގެ އަންބެއްނޫން…” އަވަސް ފިޔަވަޅުގައި ޒައުލް އާއި ދިމާލަށް އައި އައްޔަދުބުނެލިއެވެ. އޭނަގެ ފަހަތުން ކުޑަކޮށް ދުވަމުން ކަހަލަ ގޮތަކަށް ޒަރާނާ އައެވެ.
“އަޔާ ޕްލީޒް، އެއްޗެކޭ ނުބުނެ ހުރެފާނަންތަ….” ޔޫހާއަށް ޒައުލްގެ ގޮތް ރަނގަޅަށް އެނގޭތީ އައްޔަދުއަށް ބުނެލިއެވެ. އައްޔަދު ޔޫހާއަށް ހެޔޮއެދިގެން ބުނިއެއްޗެއް ކަމުގައިވިޔަސް އައްޔަދުގެ ކޮންމެ ޖުމްލައެކޭ ޒައުލްގެ ހުޅުގަނޑަށް އުކޭ ތެލެކޭއެއްވަރެވެ. އޭނަގެ ރުޅި ހައްތަހާވަނީ ގަދައެވެ.
“އައްޔަދު، ބަލަ އައްޔަދު، ދަރިފުޅު ހުއްޓާލަ ބަލަ، އާދޭ މަންމަ އާއިއެކު…” ޒަރާނާ އައްޔަދުގެ އަތުގައި ހިފާ ދަމަންފެށިއެވެ.
“މަންމަ ބަލަންހުއްޓައެއްނު އޭނަ ޔޫހާއަށް އެހެން އެހަދަނީ، އެއައީ ގޮތަކަށް އެނބުރި ދިޔައީމަ ނިމުނީނު، ޔޫހާ އަހަންނާއިއެކު ހުރީ އޭނައަށް މަޖުބޫރުކޮއްގެނެއް ނޫންވިއްޔާ…” އައްޔަދު މިހެންބުނުމާއިއެކު ޔޫހާ އޭނައާއި ދިމާލަށް ހަޅޭލަވައިގަތެވެ.
“އައްޔަދު…ހެޔޮނުވާނެ…” ޔޫހާ ރުޅިވެރިކަމާއިއެކު އައްޔަދުއަށް ބަލާލިއެވެ. އަނެއްކޮޅުން ޒަރާނާގެ ކުރިމަތީގައި އޭނަ ވަރަށް ލަދުވެސްގަނެއްޖެއެވެ. ޔޫހާ ބަހެއްނުބުނެ ހިމޭންވުމާއިއެކު އަފްލީންއަށް އަތްދިއްކޮއްލިއެވެ. އަފްލީން ދުވެފައި އައިސް ޔޫހާގެ އަތުގައި ހިފާލިއެވެ. ޒައުލް އޭނަގެ ކާރާ އަރާ ހަމަވުމާއިއެކު ޔޫހާގެ އަތުން ދޫކޮއްލާފައި ކާރުގެ ފަހަތު ސީޓުގެ ދޮރު ހުޅުވާލިއެވެ. އަފްލީން ކާރުގެތެރެއަށް ދެމިގަތް ހިނދު އޭނަގެ ފަހަތުން ޔޫހާވެސް ބަހެއްނުބުނެ ކާރަށް އަރައިފިއެވެ. ޒައުލް ގުދުވެލަމުން އޭނަގެ އަތުގެތެރޭގައި އޮތް ކިޔާން ޔޫހާގެ އުނގަށް ލާދިނެވެ. އޭރު ރަނގަޅަށްވެސް ކިޔާންއަށް ރޮވެނީއެވެ. ޒައުލް ކާރުގެ ކުރީ ސީޓުގައި އިށީނދެވުމާއިއެކު ކާރުގެ ދޮރުފަތް ވަރަށް ބާރަށް ޖެހިއެވެ. ފަހަތުގައި އިން ޔޫހާ ނޭވާ ހިފަހައްޓާލަމުން ދެލޯމަރާލިއެވެ. ޒައުލް އާއިމެދު ހިތްހަމަނުޖެހުނަސް އަފްލީންގެ ކުރިމަތީ އެއްޗެއް ނުބުނުމަށް ޔޫހާ އިނީ ނިންމައިގެންނެވެ. ޒައުލް ކާރުގައި އައީ އެކަނި ކަމަކަށްވާތީ ކާރު ދުއްވަން އިނީވެސް އޭނައެވެ. ކުއްލިގޮތަކަށް ޒައުލް އައްޔަދުމެންގޭ ދޮށަށް އަންނަން ޖެހުނު ސަބަބެއް ޔޫހާއަށް އެއްގޮތަކަށްވެސް ނުވިސްނުނެވެ. އެންމެ ފުރަތަމަވެސް އޭނަގެ ހިތަށް އެރީ ލާއިގާއެވެ. އަނެއްކާ ލާއިގާގެ ރޭވުމުގެ ދަށުން ކަމެއް ހިނގަނީބާއެވެ. ސިކުނޑި ހާސްވަމުންދިޔައެއްކަމަކު އޭނަގެ ގައިގާ ބައްދާލައިގެން ގިސްލެވިފައި އޮވެ ރޮމުންދިޔަ ކިޔާން މަސަލަސްކުރެވޭތޯ އޭނަ މަސައްކަތްކުރަންފެށިއެވެ.
އައްޔަދު ޔޫހާގެ ފަހަތުން ދާން އުޅެން ފެށުމުން ޒަރާނާ އޭނަގެ އަތުގައި ދެއަތުން ހިފާ ހުއްޓުވިއެވެ. އަދި ޒައުލްގެ ކާރު ދުއްވާލަންދެން ބަލަހައްޓައިގެން ހުރުމަށްފަހު އައްޔަދުގެ އަތުގައި ހިފައިގެން ގެއަށްވަނުމަށް ދިޔައެވެ. ދޮރޯށި ކައިރީ ވެއްޓިފައިއޮތް ކޮތަޅާއި އޭގެތެރެއިން ފެންނަން އޮތް ފާރުސަލް ޒަރާނާގެ ލޮލުގައި އަޅައިގަތެވެ. މަޑުމަޑުން ކޮތަޅު ނަގާ މޭގައި ޖައްސާލައިގެން ހުރެ ޒަރާނާ ގޭތެރެއަށްވަނެވެ. އައްޔަދު ވަދެގެން އެދިޔަގޮތަށް ދިޔައީ އޭނަގެ ކޮޓަރިއަށެވެ. ޒަރާނާއަށްވެސް އައިސްވަދެވުނީ އޭނަގެ ކޮޓަރިއަށެވެ. އަދިވެސް ލިބިނު ސިހުމުގެ އަސަރު ނުކެނޑެއެވެ. ގަބުވެފައިމާ މީހަކުހެން އެނދުގައި އިށީނދެލައިގެން އިނދެވުނީއެވެ.
“ޔޫހާ….ޒައުލް….ކިޔާން….ޒައުލްގެ ދަރިއެއް….އައްޔަދު….ޔޫހާ….” ކިޔޭ އެއްޗެއް ހަމަނުޖެހުނެއްކަމަކު މަޑުމަޑުން ޒަރާނާ އިނދެގެން ފަހަރަކު މީހެއްގެ ނަންކިޔަމުންދިޔައެވެ. އޭނަގެ ސިކުނޑި އެކިއެކި ފިކުރުތަކުން ބަރުވަމުންދިޔައެވެ. ދެފަރާތަށް ބޯހޫރުވާލުމާއިއެކު ނިތްކުރީގައި ހިފަހައްޓާލެވުނެވެ. ކުޑަހިނދުކޮޅެއްގެތެރޭގައި ފެނުނީ ޒަރާނާގެ ކޯތާފަތް ކަރުނައިގެ ތިކިތަކުން ތެތްމަމުންދިޔަތަނެވެ.
ގޭކައިރީ ޒައުލް ކާރު ޕާކުކޮއްލުމާއިއެކު ޔޫހާ ކިޔާން އުރާލައިގެން ހުރެ ކާރުންފޭބިއެވެ. އޭނަގެ ފަހަތުން އަފްލީން ފޭބިއެވެ. އޭރުވެސް ކިޔާން ރޮނީއެވެ. އަފްލީން އަވަސް ފިޔަވަޅުގޮަސް ގެއަށްވަނެވެ. ޔޫހާ އާއި ޒައުލްވެސް ގޭތެރެއަށްވަދެގެން އައިސް ޔޫހާގެ ކޮޓަރިއަށްވަނީއެވެ. އޭރު ޝާއިން އޭނަގެ ކޮޓަރީގައި އުޅެއެވެ. އޭނައަށް ކަމެއްވެގެން އުޅޭކަމުގެ ހިލަމެއްވީ އަފްލީން އޭނަގެ ކޮޓަރީގައި ޓަކިޖެހިފަހުންނެވެ. އަފްލީންއަށް ފެނުނުކަންތައްތައް އޭނަ ޝާއިންއަށް ކިޔާދިނެވެ.
“ޔޫހާގެ ބޭނުމަކީ ކޮބާތަ؟ އަދިވެސް އަހަރެންގެ ކިބައިން ބަދަލު ހިފަން ބޭނުންވަނީތަ…” ޒައުލް ރުޅިވެރިކަމާއިއެކު ބުނެލިއެވެ.
“ދެންހެޔޮ، ޒައުލްއަށް އެނގޭތަ މިއަދު ކިޔާން އާއިމެދު ކަންތައްކުރެވުނީ ކިހިނެއްކަން، އަހަރެންވެސް ބޭނުމެއްނޫން ޒައުލްގެ ތިސިފަ ކިޔާންއަށް ފެންނާކަށް، އޭނަ ބިރުގެންފައި ހުރިވަރު ޒައުލްއަށް ނޭނގޭތަ، ރޯއަޑުވެސް ތިކަންފަތައް ނީވެނީ ދޯ، މަގޭ ދަރިއެކޭ ބުނީމަ އެނިމުނީތަ….ދަރިއަކާއިމެދު ކަންތައްކުރާގޮތްތައް ތީ….ބުނަން އަހަންނަށް މިވަގުތު ކިޔާންއަށްވުރެ މުހިއްމު އެހެންއެއްވެސް ކަމެއްނެތް، ޒައުލްވެސް ވާހަކަދައްކަން ބޭނުންނަމަ އަހަރެން ކިޔާން ނިންދަވަންދެން މަޑުކުރޭ، މާބާރަށް ހަޅޭލަވާ އަޑުގަދަކުރަން ހަދާނެކަމެއްނެތް….އަހަންނަކީ ބީރު މީހެއްނޫން، ހިސާބުގަނޑު މީހުން އެއްވާވަރަށް ހަޅޭނުލެވިޔަސް އަހަރެން ޒައުލްގެ ސުވާލުތަކަށް ޖަވާބުދޭނަން…” ޔޫހާގެ ރަތްވެފައިވާ މޫނުމަތިން ރުޅިވެރިކަން ފާޅުވަމުންދިޔައެވެ.
ޒައުލްގެ ސަމާލުކަން ޔޫހާ އުރާލައިގެން ހުރި ކިޔާންއަށް ހުއްޓުނީދެނެވެ. އޭނަ އިރުކޮޅަކު ޔޫހާއަށް ބަލަހައްޓައިގެން ހުރުމަށްފަހު ޔޫހާގެ ގާތަށް ޖެހިލަމުން ކިޔާން އޭނަގެ އަތަށްދޭށޭ ބުންޏެވެ.
“މިހާރު ކީއްކުރަންތިއުޅެނީ” ޔޫހާ ހިތްހަމަނުޖެހިފައި ހުރި ރާގެއްގައި ބުނެލިއެވެ.
“ޑެޑީގެ ޕްރިންސް، އާދެބަލަ ޑެޑީގާތަށް…” ޒައުލް ކިޔާނަށް ލޯބިން ގޮވާލަމުން ބުނެލިއެވެ. ރޮވިފައި ކިޔާން ޒައުލްއަށް ބަލާލިއެއްކަމަކު އެކުއްޖާ އަނެއްކާވެސް ޔޫހާގެ ގައިގާ ބައްދާލަމުން މޫނުފޮރުވާލީއެވެ. ޒައުލް ޔޫހާއަށް ބޯޖަހާލަމުން އޭނަގެ އަތަށް ދޭށޭބުނާފަދަ ގޮތަށް އަތްދިއްކޮއްލާފައި ކިޔާން އުރާލައިފިއެވެ. އަދި ފިރުމަމުން ދެކޮޅަށް ހިނގަންފެށިއެވެ. ޔޫހާ ޒައުލްގެ އަތުން ކިޔާން އަތުލުމަށް އެއްވެސް މަސައްކަތެއްނުކުރެއެވެ. އޭނަވެސް ހުރީ ޒައުލް ކަންތައްކުރާގޮތެއް ބަލަންށެވެ.
“ކޮއްކޮ ބަސްއަހާކުއްޖެކޭ މީ…”ގިސްލެވިފައިވާ ކިޔާން ބުނެލިއެވެ. އޭނައަށް ހީވީ ޒައުލް ރުޅިއައީ އޭނައަށް ކޮންމެވެސް ކަމެއް ގޯސްކޮށްކުރެވިގެންކަމަށެވެ. ކިޔާން ބުނިއެއްޗަކުން ޒައުލްވެސް ދެރަވިއެވެ. ޔޫހާ ބުނީ ރަނގަޅަށޭ ހިތައްއެރިއެވެ. އޭނަ ރުޅިއައިކަމަކު އެކަން ކިޔާންއަށް ދެއްކުމުގެ ބޭނުމެއްނެތެވެ. ރުޅިއާދެވުނީ ޔޫހާދެކެކަމަށްވާއިރު އޭގެ ނޭދެވޭއަސަރު ކިޔާންއަށްވެސް މިފަހަރުމިވަނީ ކޮއްފައެވެ. ޒައުލް ކިޔާންގެ ނިތުގައި ބޮސްދީފައި އަތުގެތެރޭ ބާރަށް ހިފަައްޓާލަމުން ވާހަކަދެއްކިއެވެ. ކިޔާން ރުއްސުމަށްޓަކައި އޭނަހުރީ ކޮންމެ ކަމެއްކުރަންވެސް ތައްޔާރަށެވެ. މިމަންޒަރު ބަލަންހުރި ޔޫހާގެ ރުޅިވެސްމަޑުވެ އެނދުގައި އިށީނދެވިއްޖެއެވެ. އަދި ފުންނޭވާއެއް ލަމުން ލިބިފައިވާ ހާސްކަން ފިލުވާލާ މީހާ ހަމަޖެހިލުމަށް މަސައްކަތްކުރިއެވެ.
ސިޓިންރޫމު ސޯފާގައި ތިބި ޝާއިންއަށް ޔޫހާގެކޮޓަރިތެރެއިން ދެމީހުން ރުޅިއައިސްގެން ޒުވާބުކުރާއަޑު ފަދައެއްވެސް އަޑެއްނީވޭތީވެ ދޮރުގައި ޓަކި ނުޖަހައި މަޑުކޮއްލީއެވެ. ކުރިންއިވެމުންދިޔަ ކިޔާންގެ ރުއިމުގެ އަޑުވެސްވަނީ ކެނޑިފައެވެ. އޭނައަށް އަދިވެސް އަފްލީންގެ މޫނުމަތިން ފެންނަމުންދިޔައީ ހާސްވެކަންބޮޑުވެފައިވާ މަންޒަރެވެ.
“އަފޫ، ކޮޓަރިއަށްދާންވީނު….ޔޫހާ އާއި ފަހުން ވާހަކަދައްކާނީ” ޝާއިން ބުނެލިއެވެ.
“އެކަމަކު…އޭރުން…ޒައުލް ވަރަށް ރުޅިގަދަވެފަ ހުރީ، އޭނަ ޔޫހާއަށް އަނިޔާކޮއްފިއްޔާ….” އަފްލީން ކަންބޮޑުވުން ފާޅުކުރިއެވެ.
“އަފޫ، ޒައުލްއަކީ އެކަހަލަ މީހެއްނޫނޭ، އޭނަ ޔޫހާއަށް އަނިޔާއެއްނުކުރާނެ….ދެން އެކަމާ ނުވިސްނާ” ޝާއިން އަފްލީންގެ ކޮނޑުގައި ފިރުމާލަމުން ބުނެލިއެވެ. އެއަށްފަހު އަފްލީނަށް ސްކޫލުން ލިބުނު ނަތީޖާ އާއި ބެހޭގޮތުން ސުވާލުކުރިއެވެ.
ކިޔާން ރުއިން ހުއްޓާލިއެއްކަމަކު އަދިވެސް ކުޑަކޮށް ގިސްލެވެމުންދިޔައެވެ. ޒައުލް ކިޔާން އުރާލައިގެން ދެކޮޅަށް ހިނގާލަ ހިނގާލަ ހުއްޓެވެ. އެނދުގައި އިން ޔޫހާ ތެދުވުމާއިއެކު ޒައުލް ޔޫހާ އާއި ކުރިމަތިވާގޮތަށް އެނބުރުނެވެ.
“ގެނޭ އަހަރެން އަތަށް، އެހެންއޮވެގެން ނިދާފާނެ….ގައިދޮއްވާލާފަ ނިދާއެއްޗެހި ލައްވަންޖެހޭނެ” ޔޫހާ ޒައުލްގެ ގާތުގައި މަޑުކޮއްލާފައި ކިޔާންގެ ބުރަކަށީގައި އެއްއަތްޖައްސާލަމުން ޒައުލްއަށް ބުނެލިއެވެ. ޒައުލްގެ މޫނުމަތިންވެސް މިހާރު ރުޅީގެ އެއްވެސް އަސަރެއްނުފެނެއެވެ. އޭނަ ޔޫހާގެ އަތަށް ކިޔާން ދިއްކޮއްލިއެވެ. ޔޫހާ ކިޔާންގެ ގައިދޮއްވާލައިގެން ގެނެސް އެނދުގައި ބާއްވަންދެން ޒައުލް އެދެމައިންގެ ފަހަތުން އުޅުނެވެ. އަދި ކިޔާން އެނދުގައި ބޭއްވުމާއިއެކު ކިޔާންގެ ގާތުގައި އޮށޯވެލާ އެތުއްތު މޫނުގައި ބޮސްދެމުން ހަމަޖެހިލިއެވެ. ޔޫހާ ކިޔާންގެ އަނެއްފަރާތުން އިށީނދެލައިގެން ކިޔާންއަށް ނިދެންދެން އިނެވެ.
އެތައްއިރަކު އެހެން އިނުމަށްފަހު އެންމެ ފުރަތަމަ ވާހަކަދެއްކީ ޔޫހާއެވެ. އޭރު ކިޔާން ނިދިތާވެސް އިރުގަނޑެއްވެދާނެއެވެ.
“ކައިފިންތަ؟ ޝާއިން މިގަޑީގަ ކާން އުޅޭނެ….ކާންހަދައިދެންތަ” ޔޫހާ ޖެހިލުންވެފައި ހުރިފަދަ ގޮތަކަށް އަހާލިއެވެ. ޒައުލްގެ މޫނުމަތިން ރުޅީގެ އަސަރު ނުފެނުނު ކަމުގައިވިޔަސް އޭނަ ޖެހިލުންވީއެވެ.
“ހޫމް…ހަވީރު ސައިވެސް ނުބޮއެ މިހިރީ، ގެއަށްގޮސް ފެންވަރާހަދާލައިގެން ޔޫހާގެ ގާތަށް އަންނަން ގަސްދުކޮއްގެން ހުރީވެސް، އެކަމަކު ހޮޓެލުން ނުނިކުމެވެނިސް އަހަންނަށް ލިބުނު ޚަބަރަކުން ރުޅިއަންނަންޖެހުނީ….” ޒައުލްގެ ވާހަކަ ޔޫހާ މެދުކަނޑާލިއެވެ.
“ކައިގެން އައިސް އެވާހަކަ ދައްކަމާ، އެންމެ ރަނގަޅުތަ” ޔޫހާ ބުނެލިއެވެ. އޭރުވެސް ދެމީހުންތިބީ ކިޔާންގެ ގާތުގައެވެ. ވާހަކަދައްކަނީ ވަރަށް މަޑުމަޑުންނެވެ. ޔޫހާ މިހެން ބުނުމާއިއެކު ޒައުލް ބޯޖަހާލަމުން އާނއެކޭ ބުނެލިއެވެ.
އިޝާނަމާދުކޮއްލައިގެން ގެއަށް އައިސްވަތް އާފާގު އާދައިގެ މަތިން އެންމެ ފުރަތަމަވެސް ވަނީ ކާގެއަށެވެ. އޭނަ އިޝާ ނަމާދުކޮއްގެން އަންނައިރު އަބަދުވެސް ޒަރާނާ އުޅޭނީ ބަދިގެފަރާތުގައި އޭނަ އަންނަންވާއިރަށް ރޭގަނޑުގެ ކެއުންތައްޔާރު ކުރުމަށެވެ. އެހެންނަމަވެސް އޭނައަށް މިފަހަރު ލިބުނީ ހައިރާންކަމެކެވެ. ބަދިގެފަރާތުން ޒަރާނާއެއް ނުފެނުނެވެ. ގޭތެރެވެސް އާދަޔާއި ހިލާފަށް ހަމަހިމޭންވެފައިވާކަން ފާހަގަކުރެވުނީވެސް ދެނެވެ. ސިޓިން ރޫމު ޓީވީ އެހެންޏާ ހުންނާނީ ހުޅުވާފައެވެ. އާފާގު ދުރުދުރުގައި ފައިއަޅާލަމުން އަވަހަށް އައިސް ކޮޓަރިއަށްވަނެއެވެ. އޭރު އެނދުގައި އޮށޯވެލައިގެން ބޮޑުފިކުރެއްގައި އޮތްފަދަ ގޮތަށް ޒަރާނާއޮތެވެ.
“ޒަރާ، ބަލީތަ؟ ކިހިނެއްވީ؟…” އާފާގު އަވަސް އަވަހަށް ޒަރާނާގެ މަގަތުން އެނދުގައި އިށީންނަމުން އަހާލިއެވެ.
“ކާން ހަދަންވީ ދޯ، އިޝާ ނަމާދުކޮއްލައިގެން ކުޑަކޮއްޖައްސާލެވުނީ….” ޒަރާނާ އާފާގުގެ ސުވާލަށް ސީދާ ސީދާ ޖަވާބެއް ދިނުމުގެ ބަދަލުގައި ބުނެލިއެވެ.
“ހޫމް…ކާންބޭނުން” މިހެން އާފާގު ބުނެ ޒަރާނާ އެނދުން ތެދުވުމަށް ތަންދެއްކިއެވެ. ޒަރާނާ ކޮޓަރިން ނުކުމެގެން ގޮސް އާފާގަށް ކާންހެދުމަށް ކާމޭޒުދޮށުގައި އުޅުނުއިރުވެސް އެހެން ރޭރެއަށްވުރެ ބަސްމަދުކަން އާފާގުއަށް ފާހަގަވިއެވެ. އޭނައަށް އެހިސާބުން ޒަރާނާއަށް ކޮންމެވެސް ކަމެއްވެއްޖެކަން ޔަގީންވެއްޖެއެވެ.
“ޒަރާ، ކޮންމެވެސް ކަމެއްވެއްޖެ، އަބަދުވެސް އަހަރެންކައިރީ ޒަރާ ބުނާނެ ކަމެއްހިނގައިފިއްޔާ، ނޫނީ ވާހަކައެއް އަޑުއިވުނަސް….ވީގޮތެއް ނިކަން ބުނެބަލަ، މިއަދު އައްޔަދު އެއްކަލަ މަންޖެގޮވައިގެން ގެއަންނަން އުޅުނުހެން އަހަންނަށް ހީވި، އެމީހުން އައިތަ؟” އާފާގު ބުންޏެވެ.
“ހޫމް، ޔޫހާ އައި މިގެއަށް…އާފާގު…” ޒަރާނާ ކާން ހަދާނިމުމާއިއެކު އައިސް އާފާގުގެ ގާތު އެއްފަރާތެއްގައި ހުރި ގޮނޑި ދަމާލާފައި އިށީނދެއްޖެއެވެ. އަދި ފުންވިސްނުމެއްގެތެރޭގައި އިނދެ އިތުރަށް ވާހަކަދައްކަން ފެށިއެވެ. އާފާގު އިނީ ޒަރާނާ ދައްކަން އުޅޭ ވާހަކައަކަށް ވަރަށް ޝައުގުވެރިވެ އޭނަގެ ސަމާލުކަން ހުއްޓާލައިގެންނެވެ.
“އާފާގުއަށް އެނގޭތަ…ކިޔާން…ކިޔާން…އެއީ އަހަރެންގެ މާމަ ދަރިއެއް…” ޒަރާނާ މޭޒުމަތީގައި އޮތް އާފާގުގެ އަތުގައި ދެއަތުން ހިފާލަމުން ވަރަށް އަސަރާއިއެކު ބުނެލިއެވެ.
“ތިބުނީ…އަދި ނުވިސްނުނު ޒަރާ ތިބުނިއެއްޗެއް” އާފާގުގެ ދެބުމަކައިރިކޮއްލަމުން ނިތަށް ރޫއަރުވާލާފައި ބުނެލިއެވެ. އޭނައަށް ޒަރާނާ ބުނަންއުޅޭއެއްޗެއް ދޭހަނުވީއެވެ.
“ޔޫހާގެ އެދަރިފުޅުގެ ބައްޕައަކީ ކާކުކަން އެނގޭތަ؟” ޒަރާނާ ފެންކަޅިވެފައި އިނދެ އާފާގުއަށް ބަލާލަމުން ބުނެލިއެވެ.
“ކާކުތަ؟ އަނެއްކާ އައްޔަދު އަހަރުމެންނަށް ނޭނގި ކަމެއް ހިންގީތަ؟” އާފާގު ބުނެލިއެވެ. އޭނައަށް ވިސްނުނީ މުޅިން ތަފާތުގޮތަކަށެވެ.
“ނޫން، އައްޔަދުއެއްނޫން…އަހަރެންގެ ޒައުލް…” މިހެން ބުނުމާއިއެކު ޒަރާނާގެ ކޯތާފަތް އަނެއްކާވެސް ތެމިގެންދިޔައެވެ.
“ޒައުލޭ…އެކަމަކު، އޭނަ އަދި ކައިވެންޏެއް ނުކުރެއެންނު، އަހަންނަށް ހިޔެއްނުވޭ މަންސޫރު އޭނަގެ ކައިވެނި ޔޫހާ ކަހަލަ އަންހެން ކުއްޖަކާ ކުރުވާނެހެނެއް، ޒަރާ….އެކުއްޖާގެ ބައްޕައަކީ ޒައުލްކަން އެނގުނީ ކިހިނެއް؟ ނިކަން ނުރޮއެ އަހަންނަށް ކިޔާދީބަލަ، މިހާރު ހީވާކަހަލަ ބޮޑުކަންތައްގަނޑެއް އަހަންނަށް ނޭނގި ހިގައިފިއޭ…” އާފާގު ކާމޭޒުގެ ކޮޅުގައި އިނދެ ގާތުގައި އިން ޒަރާނާ އާއި ދިމާލަށް ކުޑަކޮށް އެނބުރިލަމުން ވާހަކަދެއްކިއެވެ. އަދި ޒަރާނާގެ އަތުގައި ފިރުމަމުންދިޔައީ އޭނަ ރޯންފެށުމުންނެވެ. ޒަރާނާ ރޯކަށް އާފާގު ނޭދެއެވެ. އިރުއޮއްސުނު ވަގުތު ޔޫހާ އެގެއަށް އައިސް ކަންތައް ހިނގާދިޔަ ގޮތް ޒަރާނާ އާފާގަށް ކިޔާދިނެވެ. އޭނަވެސް އިނީ ބުނާނެއެއްޗެއް ނޭނގިފައެވެ. އައްޔަދު އާއި ޒައުލްގެ މެދުގައި އެފަދަ ރުޅިވެރިކަމެއް އޮވެދާނެއޭ އެމީހުން ހިތަށްވެސް ނާރައެވެ. އެކަމަކު އެއީ ކީއްވެކަމެއް ވިސްނުމަށް ގެންނަންވެސް އެމީހުންނަށް ނޭނގުނެވެ.
“މިހާރު އައްޔަދު ކޮބާ” އާފާގުއަށް އަހާލެވުނެވެ.
“ކޮޓަރިއަށްވަތްގޮތަށް ނުނިކުންނަކަމެއް ނޭނގެ، އާފާގު އަހަރެން އެންމެ ކަންތައްބޮޑުވަނީ އައްޔަދު އަހަރުމެން ގާތު ދައްކާފަވާ ވާހަކައަކުން، ދެބެން އެކަކު ބޭނުންވެގެންބާއޭ މިއުޅެނީ ހިތަށް އަރަނީ….ޒައުލް، އޭނަ ރުޅި އައިސްގެންގޮސް ހީވަނީ ދެންމެ ދެންމެ އައްޔަދުގެ ގައިގާ ޖަހާފާނެހެން، އޭނަ އައްޔަދުއަށް ބުނި ކިޔާންއަކީ އޭނަގެ ދަރިއެއްކަމަށް…އެކަމެއް އެކަކަށްވެސް ބަދަލެއް ނުކުރެވޭނެކަމަށް، އޭރު އަހަރެން ހުރީ އެދެބެންގެ ގާތުގައި….އެކަކު އަނެކަކުގެ ކަރުގައި ހިފަންތައްޔާރަށް ތިބިއިރު ނޭނގޭ މީ ދެބެންކަންވެސް….އާފާގު، އެއީ އަހަރެންގެ ކުށެއްތަ؟” ޒަރާނާ ރޮވިފައި އަހާލިއެވެ.
“ޒަރާ ނުރޮއެބަލަ، ޒަރާ ތީ ތިހާ ފިނޑިމީހެއްނޫނެއްނު….އަހަންނަށް ފެންނަނީ ހުރިހާ ކަމެއް އައްޔަދުއަށް ކިޔާދޭން، އަހަރުމެންގެ ކައިރީގައި ހުރި ދަރިއަށް މިހުރިހާކަމެއް އޮޅުންފިލުވާދިނުމަކީ އަހަރުމެންގެ ވާޖިބެއް، ދެރަކަމެއްނުވަނިސް މިކަންކުރަން އަހަންނަށް ފެންނަނީ، ދެން ބުނެބަލަ، ޒައުލް ކައިވެނިކުރީ ކޮންއިރަކުކަން ޒަރާއަށް އެނގޭތަ….ޒަރާއަށްވެސް އެނގޭނެ، އެމީހުން ޒައުލްގެ ކައިވެނި އާދައިގެ ކައިވެންޏަކަށް ނުހަދާނެކަން، އެކައިވެނީގެ ވާހަކަ މީޑިއާތެރޭގައިވެސް ދެކެވޭވަރު އެމީހުން ކުރާނެ، އެކަމަކު ކައިވެނީގެ ވާހަކަ އަޑުނީވި އަހަންނަށް މިއިވުނީ ޒައުލްއަށް މިހާރު ދަރިއަކުވެސް ލިބިއްޖެކަން، ޒައުލްގެ ކައިވެނީގެ ވާހަކަ މީހަކު ދައްކާތީވެސް އަޑުއިވިފައެއްނެތް، އަނެއްކާ ޒަރާއަށްވެސް ރަނގަޅަށް އެނގޭނެ، ޔޫހާ ގަޔަކު އެމީހުން އަޅައިގަންނަފަދަ ސިފަތަކެއް ލިބިފައެއްނެތްކަން…ދެން ކިހިނެއް…” އާފާގު އިނީ ވަރަށް ހައިރާންވެފައެވެ.
ކޮޓަރީގައި އޮތް އައްޔަދު ވިސްނަމުންދިޔައީ ހިނގާދިޔަ ކަންތައްތަކާއިމެދުއެވެ. އޭނަގެ ހިތުގައި ސުވާލު އުފެދެނީއެވެ. ކުރެވުނުކަމެއް ކުރެވުނީ އެންމެ ރަނގަޅަށްތޯ އޭނަގެ ޒަމީރާ ސުވާލުކުރެވެނީއެވެ. އޭނައަށް ޔޫހާގެ މޫނުމަތިން ފެނިގެންދިޔަ ނުތަނަވަސްކަން އަދިވެސް ފެންނަ ކަހަލައެވެ. ކަންފަތުގައި އޭނައާއި ދިމާލަށް ޔޫހާ ހަޅޭލަވައިގަތް އަޑު ހަރުލާފައި ހުރިކަހަލައެވެ. ކުރެވުނުކަންތަކުން އައްޔަދު ހީކުރިފަދަ ހިތްހަމަޖެހުމެއް ނުލިބުނެވެ. މައްސަލައަކަށްވީ ޔޫހާ އެދިޔައީ އޭނަދެކެ ރުޅިއައިސްގެން ކަމަށްވީތީއެވެ.
ކާން ހެދުމަށް ޔޫހާ ކޮޓަރިން ނުކުތްއިރު ސިޓިން ރޫމުގައި އޭރުވެސް ޝާއިން އާއި އަފްލީންއިނެވެ. ޔޫހާއަށް ކޮޓަރި ދޮރުމަތީ ހުއްޓެވުމާއިއެކު ޝާއިންނާއި އަފްލީނަށް ބަލާލެވުނެވެ.
“ކާން ހަދަންވީ ދޯ…” ޔޫހާ ބުނެލިއެވެ. ޝާއިން ހިނިތުންވެލަމުން މަޑުމަޑުން ބޯޖަހާލިއެވެ.
“އަހަރެން ހެލްޕްވާނަން…” އަފްލީން ކުއްލިއަކަށް ތެދުވެ އަވަސް އަވަހަށް ބުނެލައިފިއެވެ. އެކަމަށް ޔޫހާ ވަކިިއެއްޗެއް ނުބުނެ ބަދިގެއާއި ދިމާލަށް ހިނގައިގަނެއްޖެއެވެ.
“ޒައުލް ކޮންކަމަކާތަ އެހާ ރުޅިއެއް އެއައީ” ބަދިގޭގައި ޔޫހާ އާއިއެކު އެކަނިވެވުމުން އަފްލީންގެ ހިތުގައި ފޮރުވައިގެން އެތަށްއިރަކު ހުރި ސުވާލުކޮއްފިއެވެ.
“ނޭނގެ، އެކަމަކު ރުޅިއަންނަވަރުގެ ކަމެއްވީމަތާ ރުޅިއަންނާނީ…” ޔޫހާއަށް ބުނެވުނީ ފަރުވާކުޑަގޮތަކަށެވެ. އެކަމަކު އެއީ އޭނަ ގަސްދުގައި އެހެންބުނަން ބޭނުންވެގެނެއްނޫނެވެ. ތަށިތައް އަތުރަމުން މާބޮޑު ހިޔާލަކާއި ފިކުރެއްނެތި އެފަދަ ގޮތަކަށް ބުނެލެވުނީ އާމުކޮށް ޒައުލް ވަރަށް ކޫސަނިކަންތައްތައްކާވެސް ރުޅި އަންނާތިއެވެ.
“ހާދަ ފާޑަކަށް، ޔޫހާ އޯކޭތަ…ޒައުލް އެހެން ހެދީމަ ރުޅިއައިސްފަ ދޯ ތިހުރީ” އަފްލީން ކާމޭޒުގެ ގޮނޑިއެއްގައި ދެއަތްއަޅުވާލަމުން ޔޫހާގެ މޫނަށް ބަލާލާފައި ބުނެލިއެވެ.
“ނޫން އެހެނެއްނޫން…ވީކަމެއް ނުވާކަމަކަށް ނުހެދޭނެތާ ދޯ، ބައެއްފަހަރު ރުޅި އައީމަ އެކަހަލަ ކަންތައްތައްވެސް ވާނެ….ދެން އެކަމާ އަޅާނުލާ، އެވާހަކަ ނުދައްކާ” ޔޫހާ އަފްލީންއަށް ހިނިތުންވެލަމުން ބުނެލިއެވެ.
“އެކަމަކު…ޒައުލް އެއުޅުނުވައްތަރެއް، އަހަރެން ބިރުންވެސްނެތްގޮތެއް، ހީވީ ޔޫހާގެ ގައިގާ ތަޅައިގަނެދާނެހެން، އަޔާ މަންމަ ބަލަންހުރީމަ ކަންނޭގެ އަޔާ ގައިގަ ނުޖެހީ…ރުޅިއަޔަސް އެވަރުވާކަށްނުވާނެ ދޯ، އަނެއްކާ ޔޫހާއަށްވެސް ކޮންމެވެސް ވަރެއްގެ ގަދަރެއްކުރަންޖެހޭނެކަންނޭގެ…އެނީވޭސް، މީ އަހަރެން ވިސްނިގޮތް…އެވީ ކަމަކުން ހިތަށްއަރަނީ ކިޔާންގެ ބައްޕައަށް ޒައުލްވީތީއޭ ކިޔާފަ ޔޫހާ ޒައުލް އާއި މެރީކުރުން އެއީ ރަނގަޅު ނިންމުމެއްބާއޭ…” އަފްލީން މެޔާދިމާލުން ދެއަތްހުރަސްކޮއްލާފައި ފުންވިސްނުމެއްގައި ހުންނަފަދަ ގޮތަކަށްހުރެ ބުނެލިއެވެ.
“އަފޫ، ތިވަރަށް ނުވިސްނަބަލަ، އަހަންނަށް ޒައުލް އެނގޭހެން އެހެންމީހުންނަކަށް އޭނައެއް ނޭނގޭނެ، އަހަރެން ގަބޫލުކުރަން އޭނަ ރުޅިއައިސްގެން އެހެން ހެދިކަން….އެކަމަކު މިހާރު އޭނަ ހުރީ އެކަމާ ވަރަށް ދެރަވެފަ، އޭނައޭ ކިޔާންގެ ރުއިން ހުއްޓުވާލީ، ކިޔާންއަށް ނިދެންދެން ކައިރީގަ އޮތް، ކުށެއްކުރެވުނަސް އެކަން ދެނެގަތުން ވަރަށް މުހިއްމު، އެހެންނޫނަސް ހުރިހާ އެންމެންނަކީ އެއްފިކުރެއްގެ ބައެއްނޫން، ޕްލީޒް އަފޫ، ޒައުލްގެ ވާހަކަހުއްޓާލާ” ޔޫހާ މާބޮޑަށް ޒައުލްގެ ވާހަކަތައް އަފްލީން އާއި ޚިއްޞާކުރާކަށް ބޭނުމެއްނުވިއެވެ. ކާންތައްޔާރު ކުރެވުމުން އަފްލީން ގާތު ޝާއިން އާއި ޒައުލްއަށް ކާންގޮވުމަށް ބުނުމުން އެކަމުން އަފްލީން އަމިއްލައަށް މަނާވެގަތަވެ. އަދި އަތުން ކޮއްލިއިޝާރާތުން އޭނައަށް އެކަން ކުރާކަށް ނުކެރޭނެޔޭ ބުނެލިކަހަލައެވެ. ޔޫހާ ކުޑަކޮށް ހިނިތުންވެލަމުން ދެފަރާތަށް ބޯހޫރުވާލާފައި ސިޓިންރޫމުގައި ތިބި ޝާއިން އާއި ޒައުލްގެ ގާތުގައި ކާންއައުމަށް ބުންޏެވެ.
“މަންސޫރު، ޒައުލްއަށް ގުޅާބަލަ؟ މިއަދު ގޭން ނުކުމެގެން ދިޔައީ ވަރަށް ހިނިއައިސްފައިހުރެ، އެކަމަކު އަދިވެސް ގެއަށް ނާދޭ، އަހަރެން މިހާރު ބޭނުންވަނީ އޭނަ ގިނަވަގުތު ގޭގަ އުޅެން، ދަރިފުޅު ކީއްވެތަ މިކަމާ ގުޅޭގޮތުން ޒައުލް އާއި އެއްވެސް ވާހަކައެއް ނުދައްކަން ތިއުޅެނީ، ނިކަން ޒައުލްއަށް ވިސްނާދީބަލަ އޭނަ ކުރަން އެއުޅޭ ކަމަކީ ރަނގަޅުކަމެއް ނޫންކަން، ދަރިފުޅު ބޭނުންވަނީތަ ހުރި ހަމައެކަނި ފިރިހެން ދަރި އެކަހަލަ އަންހަނެއްގެ އަތްދަށުވެ ހަލާކުވެގެންދާން، އަމިއްލަ ދިރިއުޅުމަށް ވީގޮތްވިސްނާލާފަވެސް ފިޔަވަޅެއް އަޅަންވެއްޖެއެއްނު، ބަލާ އަހަރުމެންގެ ލޫލުއާ، އެކުއްޖާއަށް އަހަރުމެން މިހޯދާދިނީ ކިހާ ރަނގަޅު ދިރިއުޅުމެއް، ޒައުލް ކީއްވެތަ އެކަން ގަބޫލު ނުކުރަންވީ، އަހަރުމެންނަކީ ދުޝްމިނުންކަމުގައި އެއަންހެން މީހާ ޒައުލްގެ ބޮލަށް އެރެނީ” މިހެންބުނެ ލާއިގާ ތުންއަނބުރާލުމާއިއެކު ހުއްލައްވާލިއެވެ. ދެންވެސް މަންސޫރުއިނީ ބަހެއްވެސް ނުބުނެއެވެ. އެކަމަކު އޭނަދިޔައީ ވިސްނަމުންނެވެ. އޭނަގެ އަމިއްލަ ދިރިއުޅުމަކީ ކުރެވުނު މޮޔަކަމެއްކަމުގައި ލާއިގާ ބުންޏެއްކަމަކު އޭނަގެ ޒަމީރު ޖަވާބުދެނީ އެހެންނެއްނޫނެވެ.
އަވަސް އަވަހަށް ކާލައިގެން ކޮޓަރިއަށް ދިޔަ އީލާކް އޮތީ އެނދުގައި އޭނަގެ މޯބައިލް ފޯނުން ވާހަކަދައްކާށެވެ. އެންމެ ގާތް ދެއެކުވެރިންކަމަށްވާ ރޮޒޭން އާއި ޝުދުފާ އާއި ކޮންޕަރެންސް ކޯލް ހަދައިގެން އެނދުގައި އޮވެ ދައްކަމުންދިޔައީ އޭނަގެ ދޮންބެ ޒައުލް ކޮއްގެން އުޅޭކަންތައްތަކުގެ ވާހަކައެވެ. ކައިވެނި ކުރަންށޭ ކިޔާ އެގެޔަށް ގެނައި އަންހެން ކުއްޖާގެ ވާހަކަތަކެވެ. ހޫނު ކަމާއި ތާޒާ ކަމާއިއެކު ހުރިހާ ވާހަކަތަކެއް އީލާކް އެމީހުންނާ ޚިއްޞާކުރަމުންދިޔައެވެ. އަދި އެކަމަށް އޭނަގެ އަމިއްލަ ޚިޔާލުވެސް ފާޅުކުރަމުންނެވެ. އޭނަ ވާހަކަތައް ހުރިގޮތުން އޭނަވެސް ޒައުލްގެ ނިންމުމާއިމެދު މާބޮޑަށް ގަޔާވާހެނެއްހިއެއްނުވެއެވެ.
ކައިނިމި ތަށިތައްނަގާފައި ޔޫހާ އައިސްވަނީ އޭނަގެ ކޮޓަރިއަށެވެ. ޒައުލްވެސް އޭރު ކިޔާންގެ ގާތުގައި އެނދުގައި އުއްޑުން އޯށޯވެލައިގެން ދެއަތްބޯދަށަށް ލައިގެން އޮތެވެ. ޔޫހާ އަންނާނެއިރަކަށް މަޑުކޮއްލައިގެންނެވެ. ޒައުލްއަށް ޔޫހާ ކޮޓަރި ދޮރުންވަދެ އޭނަގެ ފަހަތުން ދޮރުލައްޕާލިތަން ފެނުމާއިއެކު ވަގުތުން އެނދުގައި ތެދުވެ އިށީނދެއްޖެއެވެ. އަދި އޭނައަށް އަޑުއިވިފައިވާ ވާހަކަތައް ޔޫހާގެ ކަންފަތަށް އަޑުއަހަން އެންމެ ފަސޭހަވާނެގޮތާއިމެދު ވިސްނަމުންދިޔައީ އިސްޖަހާލައިގެން އިނދެ ކަކުލުގައި ދެއަތްވިއްދާލައިގެން އިނދެ ދެއަތްތިލަ ޖޯޑުކުރަމުންނެވެ.
“ހޫމް، މިއައީ…ޒައުލް ރުޅިނައިސް ތިދައްކަން ބޭނުން ވާހަކައެއް އަހަންނާ ދައްކަބަލަ” ޔޫހާވެސް އެނދުގައި އިށިންނަމުންބުނެލިއެވެ. ޒައުލްއިނީ އެނދުގެ އެއްފަރާތެއްގައި ކަމަށްވީތީ ޔޫހާ އިށީނީ އެނދުގެ ފައިލާކޮޅުގައެވެ. ޒައުލްއަށް ކުޑަކޮށް ފުރަގަސްދީގެންނެވެ.
“ޔޫހާ އެގެއަށް ދާކަށް އަހަރެން އެއްގޮތަކަށްވެސް ހިތްހަމައެއްނުޖެހޭ، ކީއްކުރަން އެގެއަށް ދިޔައީ” ޒައުލް ހިތްހަމަނުޖެހުމަށްވުރެ ބޮޑަށް އެސުވާލުގެ ޖަވާބު އެނގެން ބޭނުންވެފަ އިންހެން ޔޫހާއަށް ހީވިއެވެ.
“އެއީ އަޔާމެންގެ ގެ…އަޔާއަކީ އަހަރެން ހޮޓެލުގަ އުޅުނުއިރުގެ ރައްޓެއްސެއްކަން ޒައުލްއަށް އެނގޭނެ…” ޔޫހާ މަޑުމައިތިރިކަމާއިއެކު ބުނެލިއެވެ.
“ތި އަޔާއަކު ދަންނަންފެށީ ކިހިނެއް، އޭނަ އާއި އެގެއާ ހުރި ގުޅުމަކީ ކޮބާ؟” ޒައުލް ދެންވެސް ކުރީ ސުވާލެވެ.
“ޒައުލް، އަހަންނާ އަޔާ އާއިމެދުގަ ނޭދެވޭ އެއްވެސްކަމެއް ނުހިނގާ، އަހަރެން ހަމަހޭގަ ހުރެގެން އެކަހަލަ ކަމެއްވިޔަވެސް ނުދޭނެކަން ޒައުލްއަށް މިހާރު އެނގެންވާނެ، އަދި އަމުދުން ކައިވެންޏަށް ރަންކިޔާފަތަ އެހެން އުޅެންވީ، ޒައުލް އަހަންނާއި ދޭތެރޭ ދެކެނީ ތިގޮތައްތަ…އަޔާ އާއިމެދު އަހަރެން ދެކުނީ ހަމައެކަނި ރައްޓެއްސެއްގެ ގޮތުގަ، އަހަރެން މިބުނަނީ ތެދުކަން ޒައުލްއަށް ގަބޫލުނުކުރެވުނަސް އޭގަ އަހަންނަށް ކުރެވޭނެކަމެއްނެތް، އަހަރެން މިބުނަނީ ޙައްޤުތެދު، ޒައުލް ހެކިދައްކަން ބުންޏަސް އަހަރެންދައްކާނެ ހެއްކެއްވެސްނެތް، ގައިމުވެސް އަހަރެން އެފަދަ ގޮތަކަށް އުޅެން ބޭނުންނަމަ އަފޫގޮވައިގެން އެގެއަށްދާންވީ ކީއްކުރަން، އަހަރެންގެ ކޮއްކޮއެއްފަދަ ކުއްޖަކާ އަހަރެންގެ ދަރިފުޅުގެ ކުރިމަތީގަތަ އެފަދަ ވިޔާނުދާ ޢަމަލެއްހިންގާނީ….މީގަ އެންމެ ގަބޫލުކުރަން އަހަންނަށް އުނދަގޫވި ކަމަކީ އެވަގުތު ޒައުލް އެތަނަށް ދާންޖެހުނު ގޮތެއް، އެއީ ކީއްވެކަމެއް އަދި ކޮން ސަބަބަކާއި ހުރެކަމެއް އަދިވެސް އަހަންނަކަށް ނުވިސްނޭ” ޔޫހާ އިސްޖަހާލައިގެން އިނދެ ދެފާރަތައް މަޑުމަޑުން ބޯހޫރުވާލިއެވެ. ހުރިހާކަމެއް ހިނގީ ކަމަކާވިސްނާލެވޭ ވަރަށްވުރެ މާއަވަހަށްކަމަށްވީތީއެވެ.
“އަހަރެން ކުރި ސުވާލަށް ޔޫހާއަކަށް ޖަވާބެއް ނުދެވެއެއްނު، އެހަށް އަހަރެން ކުރި ސުވާލަށް ޖަވާބުދީ، ތިބުނާ އަޔާއަކާއި ދިމާވި ގޮތާ އެގެއަށް ދާންޖެހުނު ގޮތަކާ، އެގެއާ އޭނަ އާއި ހުރި ގުޅުމަކީ ކޮބާކަން އަހަންނަށް ކިޔާދީބަލަ” ޒައުލް މިހެން ބުނެ އިންތަނުން ކުޑަކޮއް ތެދުވެލާފައި ޔޫހާގެ ގާތަށް މަޑުމަޑުން ޖެހިލާފައި އިށީނެވެ. ޔޫހާ ފުންނޭވާއެއްލާފައި އައްޔަދު އާއި ދިމާވިގޮތް ކިޔާދިނެވެ. އެންމެ ފުރަތަމަ ހޮޓެލުން ދިމާވި ދިމާވުމުން ފެށިގެން އެގެއަށް ދާންޖެހުނު ގޮތެވެ. އަދި މިއަދު އޭނަ އެގެއަށް ދާންޖެހުނު ގޮތަކީވެސް އިއްތިފާގެއްކަމުގައި ބުންޏެވެ. ވާހަކަތައް އަޑުއަހަން އިން ޒައުލްއަށް އެނދުން ތެދުވެވުނެވެ. އޭނަގެ ސިކުނޑީގައި ޔޫހާއަށް ނޭނގޭކަންތައްގަނޑެއް ހިނގާކަން ޔޫހާއަށް އެނގުނީ ކޮޓަރީގައި ދެކޮޅަށް ޒައުލް ހިނގަންފެށުމުންނެވެ.
“އަނެއްކާ ޒައުލް އާއި އަޔާއަކީ ކުރީގެ ދެރަޙުމަތްތެރިންބާ، ނޫން ނޫން، އަޔާ މާބޮޑަށްވެސް ހަގުވާނެ ޒައުލްއަށްވުރެން…ކިހިނެއްބާ މިވަނީ…އެގެޔާ އަޔާ އާއި ހުރިގުޅުން އެނގުން ޒައުލްއަށް އެހާ މުހިއްމީ ކީއްވެބާ…” ޔޫހާގެ ކުރިމަތިން ކޮޓަރިތެރޭ ދެކޮޅަށް ހިނގަމުންދިޔަ ޒައުލްއަށް ބަލަހައްޓައިގެން އިން ޔޫހާގެ ހިތަށް އެރިއެވެ.
“ޔޫހާއަށް ޔަގީންތަ އެތާނގަ ހުރި އަންހެން މީހާއަކީ އޭނަގެ މަންމަކަން” ޒައުލް ތިންވަނަ ފަހަރަށްވެސް ސުވާލު ތަކުރާރުކޮއްލިއެވެ. މިފަހަރުވެސް ޔޫހާގެ ޖަވާބުއައީ ކުރިން ދެފަހަރުވެސް ބުނިގޮތަށެވެ.
“އަޔާ ބުނި އެއީ އޭނަގެ މަންމައޭ، އަޔާ އެވަރުގެ ބޮޑު އޮޅުވާލުމެއް އޮޅުވައެއްނުލާނެއެއްނު، އަނެއްކާ އެއަންހެން މީހާވެސް އަޔާ އާއި ވާހަކަދައްކަނީ ދަރިފުޅު ކިޔައިގެން، މިބުނާހެން އެގޭގަ އުޅެނީ ހަމައެކަނި އަޔާގެ މަންމަ އާއި ބައްޕަ އެކަންޏޭ، ކޮބާތަ މައްސަލައަކީ…އަހަރެން ކައިރީވެސް ބުނީމަދޯ އެނގޭނީ….ޒައުލް…” ޔޫހާވެސް އެންމެފަހުން އެނދުންތެދުވެއްޖެއެވެ.
“އަހަރެން ބޭނުމެއްނޫން ޔޫހާ އަޔާ އާއި އިތުރަށް ވާހަކަދައްކާކަށްވެސް، އަދި އެގެއަށް މީގެފަހުން ދާކަށްވެސް، އަހަރެން އެއްގޮތަކަށްވެސް އަޔާއަށް އިތުބާރެއްނުކުރަން، އަހަންނަށް ފެނުނޭ އޭނަ ޔޫހާގެ ކޮނޑުގަޔާ އުނަގަނޑުގަޔާ ތަންތަނުގައި ހިފައިގެން ހުރިއިރު ޔޫހާވެސް އޭނަގެ ގައިގާ ޖެހިގެން ހުރިތަން….ކީއްވެތަ ނުބުނެވުނީ އެހެން ނުހަދާށޭ، ނޫނީ ޔޫހާ ހުރީ މީހަކާ އިންނަން ރަންކިޔައިގެންނޭ، ތީ އަހަރެންގެ ޙައްޤެކޭ، ކީއްވެތަ އެހެންނުބުނީ، ދެން އަނެއްކާ އަހަންނަށް ނުދަންނަ ނަންބަރަކުން އައި ފޯންކޯލު، ކާކުގެ ނަންބަރެއްތޯ ބެލިއިރު ރާއްޖޭމީހެއްގެ ނަންމަތީގަ ނަގާފައޮތް ނަންބަރެއްވެސް ނޫން، އެކަމަކު އެނަންބަރުން އަހަންނަށް ގުޅައިގެން ވާހަކަދެއްކީ ދިވެހި ފިރިހެނެއްކަން އަހަންނަށް އެނގޭ، އެމީހަކު އަހަންނަށް ޔޫހާގެ ހަގީގަތް ދައްކަން ބޭނުންވަނީއޯ، ޔޫހާގެ ހުރިހާވެސް މަޤްޞަދަކީ އަހަރެންގެ ވިޔަފާރި އެ އަޔާއަކަށް ހޯދާދިނުމޯ، ޔޫހާގެ ހަގީގީ ލޯބިވެރިޔަކީ އަޔާކަމުގަ، އަދި އެކަން އޭނަ ދެއްކުމަށްޓަކައި އަހަރެން އެގޭދޮށަށް ފޮނުވީ، އޭނަ ބުނިގޮތުން އަޔާ އާއި ޔޫހާގެ އެފަދަ ބައްދަލުވުން ތަކަކީ އާމުކަމެއްކަމަށްވަނީ…ޔޫހާއަށް އެނގޭނެ، އަހަރެން ރުޅިއަންނާނެކަން އެހެން ފިރިހެނަކު އެގޮތަށް ޔޫހާގެ ގައިގާ އަތްލާނަމަ، ތީ މިހާރު އަހަރެންގެ ޙައްޤެއްނޫންތަ؟” ޒައުލް ޔޫހާގެ ކުރިމަތީ ހުއްޓިލަމުން ވާހަކަދެއްކިއެވެ.
“އެމީހަކު ތިހެދީ ދޮގެއް، ޒައުލް އަހަންނަށް އިތުބާރުކޮއްބަލަ…އަހަރެން ޒައުލް އާއި ކައިވެނި ކުރަން ބޭނުން…” ޔޫހާ ޒައުލްގެ ދެއަތްތިލާގައި ހިފާލަމުން އޭނައަށްވުރެ އިސްކޮޅުން ދިގު ޒައުލްގެ އެފުންދެލޮލަށް ބަލާލިއެވެ. އެލޮލުން އޭނަ ބީވެދާނެކަމުގެ ބިރު ޔޫހާއަށް ފުރަތަމަ ފަހަރަށް ފެނިގެންދިޔައެވެ. ޖަޒުބާތުން ފުރިގެންވި ބަލާލުމަކާއިއެކު ޒައުލް ޔޫހާގެނެސް އެމޭގައި ޖައްސާލިއެވެ.
“ވަޢުދުވޭ…އަހަންނަށް ވަޢުދުވޭ ދެން އަޔާ އާއި ބައްދަލު ނުކުރާނަންކަމަށް، ޕްލީޒް، އަހަންނަށްޓަކައި…ޕްލީޒް ޔޫހާ…ބުނޭދެން އެގެއަކަށް ނުދާނަމޭ، އަޔާ އާއި ބައްދަލެއް ނުކުރާނަމޭ..އަހަރެންގެ ނަންމަތީގައި ހުރި ކޮންމެ އެއްޗަކީ ޔޫހާގެ އެއްޗެއްކަމުގައި އަހަރެން ހަދައިދޭނަން…ދެން އަހަންނާ ދުރުވާން މަސައްކަތްނުކުރައްޗޭ، އަހަންނަށް ކެތެއްނުވާނެ ޔޫހާ އެހެންމީހަކާ ކައިވެނި ކުރާތަން ބަލާކަށް” ޒައުލްގެ އަތުގެ ތެރޭ ހިފަހައްޓާލައިގެން ހުރި ޔޫހާއަށް އޭނަ ބުނެލިއެވެ. އެއްވެސް އެއްޗެއް ނުބުނިކަމުގައި ވިޔަސް ހޫންލައްވާލަމުން ޔޫހާ އަވަސް އަވަހަށް ބޯޖަހާލިއެވެ. އަދި އެދެލޯ މަރާލެވުނީ އޭނަގެ ބޮލުގައި ޒައުލްގެ އެފިރިހެންވަންތަ ތުންފަތުން ބޮސްދިންފަދަ އިޙްސާސްއެއް ވުމުންނެވެ.
“އަހަރެން ޒައުލް އާއި ކައިވެނި ކުރަނީ ބަދަލުގައި ހަމައެންމެ އެއްޗެއް ބޭނުންވެގެން، އަހަރެން އެއެއްޗަކަށް ދަހިވެތިވެފައިވާ ހަމައެކަނި އެއްޗަކީ އެއީ….ޒައުލް އަހަންނަށް ލޯބިދޭނަންތަ” ޔޫހާ ދެލޯމަރާލައިގެން ހުރެބުނެލިއެވެ. ޒައުލް ޔޫހާގެ މޫނުގައި ދެއަތުން ހިފާލަމުން އޭނަ އާއި ދިމާލަށް އުފުލާލާފައި ހިނިތުންވެލަމުން އާއެކޭ ބުނެ ބޯޖަހާލިއެވެ.
ޒައުލް އޭނަގެ ގެއަށްގޮސްވަނީ މެންދަމު ބާރަޖެހިފަހުންނެވެ. އޭގެކުރިން އޭނަ އުޅުނީ ޔޫހާގެ ގާތުގައި އެގޭގައެވެ. ގެއަށް އައިސް ވަންނަންވެގެން ބަލާލިއިރު ދޮރުހުރީ ލައްޕާފައެވެ. އެހެންވެ މައިދޮރުގެ ތަޅުގެ އަތްގަނޑުގައި ހިފާލާފައި އެތެރެއަށް ކޮއްޕާލުމާއިއެކު އަޑެއްކިޔައިގެން ދިޔައީ ދޮރުތަޅުލާފައި ހުރުމުންނެވެ. ޒައުލް އަތްގަނޑުން އަތްނެގުމަށްފަހު ޖީބުގައި އޮތް ތަޅުދަނޑިފަތި ނަގާ ތަޅުހުޅުވާލާފައި އެތެރެއަށްވަނީ ސިއްރުވެރިގޮތަކަށެވެ. މަޑުމަޑުން އަޑެއްލައްވާނުލާ ދޮރުތަޅުލަން އުޅުނެއްކަމަކު އެކަމެއްނުވިއެވެ. އެހެންނަމަވެސް އަވަސް އަވަހަށް ދޮރުތަޅުލެވުމާއިއެކު ސިއްރުސިއްރުން ފިޔަވަޅު އަޅަމުން އޭނަގެ ކޮޓަރިއަށް ދިއުމަށް ދިޔައެވެ. ހީވާގޮތުން ހުރިހާ އެންމެންވެސް ތިބީ އެގަޑީގައި ނިދާފައެވެ. ވަށައިގެން ގޭތެރެއަށްވެރިވެފައިވަނީ ފަނޑުއަލިކަމެކެވެ.
“ޒައުލް އަދިވެސް ހުރިހާ ވާހަކައެއް ކިޔައެއްނުދޭ، އަނެއްކޮޅުން އަހަރެންގެ ކަމެއްވެސް ދެރައެއްނޫންތާ، ކައިވެންޏަށް ރަންވެސް ކިއިއްޖެ، އެކަމަކު އަދިވެސް އަހަރެންގެ އާއިލާގެ މީހަކަށް، މަންމައަކަށް ބޮޑުދައްތައަކަށްވެސް ނާންގަން…މިވާހަކަތައް ބުނާނެގޮތެއް އަހަންނަކަށް ނުވިސްނޭ، އަހަންނަށް ޔަގީން މަންމަވެސް އެންމެ ފުރަތަމަ ނަގާނީ އަހަންނާ ޒައުލް އާއި ދެމެދު ހުރި ފަރަގު…ކިޔާންގެ ބައްޕައަކީ އެއީކަން އެނގުނަސް މަންމަގެ ރުޅިގަދަވާނެކަން ޔަގީން، ދެން ކިހިނެއްހަދާނީ….” އެނދުގައި އޮތް ޔޫހާ ވިސްނަމުންދިޔައެއެވެ. ދޭތެރެއަކުން ނިތުގައި ބާއްވާލެވިފައި އޮތް އަތުން ނިތްކުރިއަށް ބާރުކޮއްލައެވެ.
ފެންވަރާލައިގެން ނުކުމެ އެނދުމައްޗަށް ވެއްޓުނު ޒައުލް ދެފަރާތަކަށް ފުރޮޅިތަނާހެން ނިދިއްޖެއެވެ. އަރާމު ފުންނިދީގެ ތެރެއަށް ގެބެމުންދިޔަވަރަކަށް އޭނަގެ ތުންފަތަށް ވެރިވި ހިނިތުންވުމާއިއެކު ގައިދަށުގައި ކަހަލަގޮތަކަށް އޮތް ބާލީހުގައި ބާރަށް ބައްދާލެވުނީ ހުވެފެނީ ކުލަޖެހިފައިވާ ޔޫހާގެ ރީތި ސޫރަސިފަވަމުންދިއުމުންނެވެ.
ޒައުލް އާއި ކައިވެނި ކުރުމަށް ޔޫހާ ރަންކިޔާފައިވާކަން އެނގެނީ ހަމައެކަނި ޝާއިން އާއި އަފްލީނަށެވެ. އެކަން އެނގެންޖެހޭ އިތުރު މީހަކު ހުރިކަމުގައި ޒައުލް ނުދެކެއެވެ. އަދި ޚާއްޞަކޮށް އޭނަގެ އާއިލާގެ މީހުންނަށް އެންގުން އެއީ ބޭކާރު ކަމެއްކަމުގައި އޭނަދެކެއެވެ. ދެދުވަސް ހޭދަވެގެންދިޔައިރު ކައިވެނިކުރަން ލީފޯމުގެ ޚަބަރެއް ނުލިބެއެވެ. ޒައުލް އެކަނިވާ ވަގުތުތަކުގައި ލާއިގާ ޔޫހާއަށް ދިން ޗެކަށް އެތަށްއިރަކު ބަލަންއިނދެއެވެ. އަދި މިހާރު އޭނަގެ ސިކުނޑީގައި އިތުރު ފިކުރެއް ކުރެވެމުންދިޔައެވެ. އެކަމުގެ އަސްލަކަށްވަނީ އައްޔަދު އާއި ޒަރާނާއެވެ. އޭނަގެ މަންމައެވެ. ޒައުލްގެ މަންމަގެ އިތުރު ކުއްޖަކު ހުންނަނީ ބާއޭ ހިތަށްއަރާވަރުން އަބަދުމެވިސްނެނީ އެކަމާއެވެ. އެކަން އޮޅުން ފިލުވާ ޔަގީން ކުރާނެގޮތެއްވެސް އޭނައަކަށް ނޭނގެއެވެ. އަނެއްކޮޅުން އައްޔަދުގެ ނިޔަތް ރަނގަޅު ނޫންކަން ޒައުލްއަށް ވަނީ އެދެމީހުން ކުރިމަތިލާންޖެހުނު ވަގުތުންފެށިގެން އެނގިފައެވެ. އެހެންވެ އެފަދަ މީހެއްގެ ކުރިމައްޗަށް އަރާކަށް އޭނަ ބޭނުމެއްނޫނެވެ.
ފޫހިކަމާއިއެކު ލިބޭހާސްކަމާއި ފިކުރުތަކާއި ދުރުވުމަށް ގެންގުޅޭފަދަ ކުޑަބޯޅައެއް ހިފައިގެން އެނދުގައި އައްޔަދުއޮތެވެ. ދޭތެރެއަކުން އެބޯޅަ މައްޗަށް އެއްލާފައި ހިފައެވެ. އޭނަ ޔޫހާއަށް ގުޅާތާ ދެދުވަސްވީއެވެ. ކޮންމެ ފަހަރަކުވެސް ފޯނު ކަނޑާލަނީއެވެ. ތިރީސް އެސް.އެމް.އެސް ޔޫހާގެ ފޯނަށް މިހާރު އޭނަ ފޮނުވައިފިއެވެ. އެހެނަސް އެއްވެސް ޖަވާބެއް ޔޫހާގެ ފަރާތުން ނުލިބުނެވެ. އެގޮތަށް އޭނައަކަށް ކެތެއްނުވާނެކަން އޭނައަށް އެނގެއެވެ. އޭނަގެ ޒަމީރުވެސް އޭރު އެދެމުންދިޔައީ ޔޫހާ ހޯދުމަށް އެގެއަށް ދިއުމަށެވެ. ކުރެވުނު ކަމަކުން އޭނަ އާއި ޔޫހާ އާއި އޮތް ގުޅުން ގެއްލިގެން ހިނގައިދާނެކަން މިހާރު އޭނައަށްވަނީ ޔަގީންވެފައެވެ. އަނެއްކޮޅުން ޒަރާނާ ވާހަކަދައްކަން އުޅުމުންވެސް އައްޔަދު އެއަޑުއަހަން ތައްޔާރެއްނޫނެވެ. އެހެން އެދުވަހު ކަންތައްދިމާވާން ޖެހުނު ސަބަބަކީ އައްޔަދުކަން އޭނަގެ މައިންބަފައިންނަށް އެނގެން އަދި ބޭނުންނުވަނީއެވެ. ފައުޒީ ހިޔާލެއް ހޯދާކަށްވެސް އޭނަ އިތުރަށް ބޭނުމެއްނުވިއެވެ.
“ޔޫހާ ބޭނުންނުވިޔަސް އަހަރެން ޔޫހާ އާއި ބައްދަލުކުރާނަން، އަހަރެން ޔޫހާ އާއި ވަރަށް ބޮޑު ވާހަކައެއް ދައްކަން ބޭނުން، އެހެންވެ މިބުނީ ބައްދަލު ކުރަން ބޭނުންވަނީ، އަހަންނަށް މާފުކުރޭ ޔޫހާ” އައްޔަދު އޭނަގެ ކައިރީ އެނދުމަތީ އޮތް ފޯނުނަގާ މެސެޖުލިޔެލާފައި ޔޫހާގެ ނަންބަރަށް ފޮނުވާލިއެވެ.
އައްޔަދު ފޯނަށް ބަލަހައްޓައިގެން އިރުކޮޅަކު އޮތުމަށްފަހު އެނދުން ތެދުވިއެވެ. އަދި ގަމީސް އަޅުވާފައި ހުރިތަނުން ގަމީސް ނަގާ ގަޔަށް ހެޔޮވަރުކޮއްލުމާއިއެކު ބޭރަށް ދިއުމަށް ތައްޔާރުވެލިއެވެ. ކޮޓަރިން ނުކުމެފަވެސް އައްޔަދު އަނެއްކާ ވަނީ މެންދުރުގެ ވަގުތުކަމުން ރީތިވާ މޭޒުމަތީގައި އޮތް އަވިއައިނު ބަލައެވެ. ރީތިވާ މޭޒުގައި ހުރި ލޯގަނޑަށް ބަލާލަމުން ލޮލުގައި އަވިއައިނު އަޅާލާފައި އިސްތަށިގަނޑާއި ދެފަހަރަކު ކުޅެލަމުން ކޮޓަރިން ނުކުތެވެ.
“އައްޔަދު، ދަރިފުޅު ކޮންތާކަށް” ފައިވަން ހަރުގަނޑު ރީތިކުރަން ހުރި ޒަރާނާއަށް އައްޔަދު ފެނުމާއިއެކު އަހާލެވުނެވެ.
“ބައްޕަ ގާތަށް” އައްޔަދު ކުރުކޮށް ބުނެލިއެވެ.
“މަންމަ އާއި ބައްޕަ ދަރިފުޅާއި ވާހަކައެއް ދައްކާލަން އުޅޭތާވެސް މިހާރު ދެދުވަހެއްވަރުވެއްޖެ، މަންމަ ބުނީމަ އަޑުނޭހިޔަސް އެންމެ ރަނގަޅެއްނު ބައްޕަގެ އަޑު އަހަން، އައްޔަދުއަށް ކުއްލިއަކަށް ތިބަދަލުތަކެއް ތިއައީ ކީއްވެތަ؟” ޒަރާނާ ފައިވަން ހަރުގަނޑުގައި ހުރި ފައިވާނެއް އަތަށް ލައިގެން ހުރެ ވާހަކަދެއްކިއެވެ.
“މަންމާ، ޕްލީޒް…މިވަގުތު އަޅުގަނޑު ޔޫހާގެ ވާހަކައެއް ދައްކާކަށް ބޭނުމެެއްނޫން” އައްޔަދު ބޭނުންނުވާކަން އޭނަ ބުނިރާގުންވެސް ޒަރާނާއަށް އެނގުނެވެ.
“މަންމަ ނޫޅެމޭ ޔޫހާގެ ވާހަކަ ދައްކާކަށް، އެކަމަކު ކޮންމެހެންވެސް ދަރިފުޅަށް އެނގެން ޖެހޭ ވާހަކައެއް އެއީ، މިރޭ ކާމޭޒު ދޮށުގައި މަޑުކޮއްލަދޭނަން ދޯ، މަންމަވެސް އާދޭސްކޮއްފައޭ މިބުނަނީ” ޒަރާނާ އާދޭހުގެ ރާގެއްގައި ބުނެލިއެވެ. އައްޔަދުއަށް ޒަރާނާ އެދައްކަން އުޅޭ ވާހަކައެއް ނުދެއްކެނިސް ނުހުއްޓާނެކަން އެނގޭތީވެ އެންމެފަހުން އާއެކޭ ބުންޏެވެ. އަދި ގޭން ނުކުމުގެން ހިނގައިގަތެވެ.
ލާއިގާ ޔޫހާ އާއި ދޭތެރޭ ކަންތައްކުރިގޮތް ޒައުލްއަށް އެނގޭކަމެއް އޭނައަކަށް ނޭނގެއެވެ. އެހެންވެ އަނެއްކާވެސް ލާއިގާ ޔޫހާއަށް ދިންޗެކާއި އޭނަ ނިންމިގޮތެއް އޮޅުން ފިލުވުމަށް އެގެއަށް ދިއުމަށް ނިންމިއެވެ. އެކަމަކު މިފަހަރު އޭނަ ދިޔައީ ޖަމާލު އާއިއެކު އެކާރަކު ނޫނެވެ. އެހެންނަމަވެސް މިފަހަރުވެސް އޭނަ ޔޫހާމެންގެއަށް ދިޔައީ ޒައުލްއަށް އަންގާލުމަކާއިނުލައެވެ.
ސިޓިން ރޫމު ދޮރުމައްޗަށް މީހަކު އައިސް ހުއްޓުމާއިއެކު ސޯފާގައި ކިޔާން ގޮވައިގެން އިން އަފްލީން ބަލާލިއެވެ. އަދި އުމުރުން ދުވަސްވެފައި ހުރި އަންހެނަކަށްވާތީ އޭނަ އަވަހަށް ތެދުވެ އެމީހާ އައީ ކޮންބޭނުމަކުތޯ އޮޅުންފިލުވަމަށް ދިޔައެވެ.
“ޔޫހާ އެބައުޅޭތަ” ދޮރުމަތި ހުރި ލާއިގާ އަފްލީން ގާތު އަހާލިއެވެ.
“ދުރުވޭ އެތެރެއަށް، އިށިންނަވާ…އަޅުގަނޑު ޔޫހާއަށް މިގޮވާލަނީ” ލާއިގާއަށް ބަލާލުމުން އޭނައަކީ ގަދަރުއުފުލިގެންވާ ބޮޑުމީހެއްހެން އަފްލީނަށް ހީވެ ރީތިކޮށްވާހަކަދެއްކުމަށް މަސައްކަތްކުރިއެވެ. ލާއިގާ ބޮލުގެ އިޝާރާތުން އާއެކޭ ބުނެލާފަވެސް ސިޓިން ރޫމަށް ވަދެ ހުރިފިޔަވަޅުމަތީގައި ހުންނަނީއެވެ. އަފްލީނަށް އެކަން ފާހަގަކުރެވުނު ކަމުގައި ވިޔަސް އޭނަ އަވަސްވެގަތީ ޔޫހާއަށް ގޮވާލުމަށެވެ. ޔޫހާގެ ކޮޓަރިތެރެއަށް ވަދެގެންގޮސް ފާހާނާގެ ދޮރުކައިރީ މަޑުކޮއްލާފައި ދޮރުގައި ޓަކި ޖަހާލަމުން ޔޫހާއަށް ގޮވާލިއެވެ. އޭރު ޔޫހާ އުޅެނީ މެންދުރު ކެއްކުމަށްފަހު ފެންވަރަން ފާހާނާއަށްވަދެއެވެ.
“ކާކު؟ ކިހިނެއްވީ؟” ޔޫހާ ފާހާނާތެރެއިން ބުނެލިއަޑުއިވުނެވެ.
“އެބަހުރި ޔޫހާ އާއި ބައްދަލުކުރަން މީހަކު އައިސް” އަފްލީން ކޮޓަރިން ބޭރަށް އަޑުނުނިކުންނަވަރަށް މަޑުން ބުންޏެވެ. އެއާއިއެކު ފާހާނައިގައި ހުރި ޔޫހާއަށް އޭނަގެ މޭގައި އަތްޖައްސާލުމާއިއެކު ވައިއަޑުން އައްޔަދުގެ ނަންކިޔާލެވުނެވެ. އޭނައަށް ހީވީ އައްޔަދު އައީކަމަށެވެ. ކަންބޮޑުވުމާއި ހާސްކަމާއިއެކު ޔޫހާއަށް ދެލޯމަރާލެވުނެވެ. އެވަގުތު އަނެއްކާވެސް އަފްލީންގެ އަޑުއިވުނެވެ.
“ޔޫހާ އެބަހުރިންތަ…މީހަކު ހޯދަން އައިސް އެބަހުއްޓޭ، ކާކުކަމެއް ނޭނގޭ، ފާޑެއްގެ އަންހެނެއް، ހީވަނީ ސްޓާރ ޕްލަސްއިން ދައްކާ ޑްރާމާތަކުގައި އުޅޭކަހަލަ ފޭކް މީހެއްހެން…ވަރަށް މުއްސަނދިކަން އެނގޭ، ހަތަރެސްފައި ނެތްއެއްޗެއް ނެތް، ހީވަނީ ރަންއަޅާ ގަހެއްހެން….” އަފްލީން އިތުރުކޮއްލުމަކާއިއެކު ބުނެލިއެވެ. ޔޫހާއަށް ދެން ލިބިގެންދިޔައީ ކުރިއަށްވުރެވެސް ބޮޑު ހާސްކަމެކެވެ.
“ވަރަށް އަވަހަށް މިނިކުންނަނީ، ބުނޭ މަޑުކޮއްލާށޭ” ޔޫހާ އަފްލީނަށް ޖަވާބެއްދިނެވެ. ޔޫހާ ބުނިގޮތަށް އަފްލީން އެކޮޓަރިން ނުކުމެ ލާއިގާގެ ގާތުގައި ބުންޏެވެ.
“ކުރިއަށްވުރެ އަދި ފޮނިކަމާ ހިތްމަތީގަ އުޅެނީ…އަހަރެން ކައިރީގަ އެބުނީ އޭނަ ނުކުންނަހާ އިރެއްވަންދެން އިންތިޒާރު ކުރަން، ހުއް ހާދަ ފޫއްސެއްވެޔޭ، މިކަމުން ސަލާމަތްވާނީ ކިހިނެއްބާއޭ ހިތަށްއަރާ، ހާދަ ގޮތެއްވެސް އަދިނެތޭ މިއަންހެނާގެ” ސިޓިންރޫމުގައި ގުޑިވެސްނުލާ ކޮޅަށްހުރި ލާއިގާ ހިތާހިތާ ރުޅިވެރިކަމުން ފުރިގެންވި ބަނދިވަރެއް ކިޔަމުންދިޔައެވެ.
ގިނައިރެއްނުވެ ކޮޓަރިން ނުކުމެގެން އައިސް ލާއިގާގެ ކުރިމަތީގައި ޔޫހާ ހުއްޓުނީ ވަރަށް ސާބިތުކަމާއިއެކުއެވެ. ލާއިގާގެ ރުޅިއިތުރަށް ގަދަވި ކަމަކަށް އެކަންވެގެންދިޔައެވެ.
“އަހަރެން ބޭނުން ޔޫހާ އާއި އެކަނި ވާހަކަދައްކާލަން” ލާއިގާ ލޯއަޅާލައިގެން ހުންނަފާޑަކަށް ޔޫހާއަށް ބަލަހައްޓައިގެން ހުރެ ބުނެލިއެވެ.
“އާދޭ ކޮޓަރިއަށް” މިހެންބުނެ ޔޫހާ އޭނަގެ ކޮޓަރިއަށްވަނެވެ. އަދި އޭނަގެ ފަހަތުން ލާއިގާ އެކޮޓަރިއަށް ވަނުމުން ޔޫހާ ކޮޓަރީގެ ދޮރުލެއްޕިއެވެ. ސިޓިން ރޫމުގައި އިން އަފްލީން ވަރަށް ހުށިޔާރުވާނެކަން އޭނައަށް އެނގޭތީއެވެ. ޔޫހާ އާއި ލާއިގާ ދައްކާވާހަކަ އެކޮޓަރިން ބޭރުވާން އޭނަ ނޭދޭތީވެސްމެއެވެ.
“އަހަންނަށް ޖަވާބެއްދޭކަށްނުވޭތަ، އަހަރެން މިއައީ ކަލޭ ނިންމިގޮތެއް އޮޅުން ފިލުވަން، އަހަރެންގެ ދަރިފުޅު އަނބުރާ ހޯދަންވެގެން މިއައީ…އަހަންނަށް އެނގޭ އޭނަ އަދިވެސް ކަލޭގެ ގާތަށް އަންނަކަން، އަހަންނަކީ ކަންތައްތައް ނޭނގޭވަރުގެ ކުޑަކުއްޖެއްނޫން، ޒައުލް ކިތަންމެ ކުޅަދާނަޔަސް އަހަރެންގެ ލޮލުގައި އަނދުނެއްނޭޅުވޭނެ، އަހަންނަށް އެނގޭ އޭނަ އަދިވެސް ގިނަވަގުތުތަކެއް ހޭދަކުރަމުންދަނީ މިގޭތެރޭގަ، މިކޮޓަރިތެރޭގަ ކަލެއާއިއެކުކަން….އެ ޗެކުންވެސް ކަލޭގެ ތިހިތެއްނުފުރުންތަ، އަހަރެން ނުބުނަންތަ ކަލޭކައިރީ ޒައުލް އާއި ބައްދަލު ކުރުން ހުއްޓާލުމަކަށް، ބުނަން، ކަލެއަށް ނޭނގުނަސް އަހަރެންގެ ބާރު ހިނގާ ވަރަށްގިނަ ކޮޅުތައް ހުންނާނެ، އޭރުން ދެން ކަލޭ ޒައުލް އާއި ދުރަށް ދާންޖެހޭގޮތްވެސް މާހަޑިވާނެ، ކަލޭ ބޭނުންވަނީ ކަލޭގެ ދަރިއާވެސް ދުރުގަ ހުންނަންތަ…” ލާއިގާ ޔޫހާއަށް ބިރުދައްކާ ގޮތަށް ވާހަކަ ބަދަލުކޮއްލިއެވެ. އޭނައަށް ޔޫހާގެ ބަލިފަޔަކީ ކިޔާންކަން އެނގޭކަހަލައެވެ.
“ބުނެވިއްޖެއެއްނު، ދެންހެޔޮ، އިތުރަށް މަގޭ ދަރިފުޅޭ ކިޔައިގެން އެންމެ ލަފްޒެއްވެސް ބުނެގެންނުވާނެ….މިގެއަށް އައުމުގެ ކުރިން އެއްފަހަރު ވިސްނާލިނަމަ، ޒައުލް އަންނަނީ އަހަރެން ބުނެގެނެއްނޫން، ޒައުލް އާއި ސުވާލުކުރަންވީނު އޭނަ އަހަރެންގެ ގާތަށް އައުން ހުއްޓާނުލައިގެން އެއުޅެނީ ކީއްވެތޯ، އޭނަ އަހަންނާ ކައިވެނި ކުރަން ހުރިހާ ދުވަހަކު އަހަރެން މިހުރީ ޒައުލް އާއި ކައިވެނި ކުރާގޮތަށް، އަދި ބުނަން، ގަބޫލު ކުރިޔަސް ނުކުރިޔަސް، އަހަރެންގެ ދަރިފުޅުގެ ގައިގަ ހިނގަނީ ޒައުލްގެ ލޭ…އެކަމަށް އަހަރެން ހެއްދެވި ފަރާތްވެސް ހެކިވާނެކަން ޔަގީން….އެއީ ބަދަލު ކުރެވޭނެކަމެއްވެސް ނޫން، އާން…ކިޔާންއަކީ އަހަންނާ ޒައުލްގެ ދަރިއެއް….ހުއްޓުވެންޏާ ޒައުލް ހުއްޓުވަންވީނު، އަހަރެން ދެންބޭނުމެއްނޫން ފަހަތަށް އެންމެ ފިޔަވަޅެއްވެސް އަޅާކަށް، އަހަރުމެން ދެމީހުން ދުރުކުރުވަން ކަމެއް ކުރިޔަސް އެކަންވެސް ވާނީ ބޭކާރު ކަމަކަށް” ޔޫހާ ދެބުމަކައިރިކޮއްލުމާއިއެކު ދަތްތަކަށް ބާރުލައިގެން ހުރެ ވާހަކަދެއްކިއެވެ. ބާރަށް ހަޅޭލެވުމަކީ އޭނަގެ އުސޫލެއްނޫންކަމަށްވާތީ ކިތަންމެ ރުޅި އައިސްފައި ހުއްޓެކަމަކުވެސް އޭނަ ވާހަކަދެއްކީ މަޑުންނެވެ. ލާއިގާއަށް އިތުރަށް ކެތެއްނުވިއެވެ. އޭނައަށް ޔޫހާގެ ދަރިއަކީ ޒައުލްގެވެސް ދަރިއެއްކަމުގައި ގަބޫލުކުރަން ދަތިވެ ޔޫހާގެ އަނގަމަޑު ކުރުމަށްޓަކައި ދަމާލިއަތުން ޔޫހާގެ ކޯމަތީ އެތިފަހަރެއް ޖަހައިފިއެވެ.
“ހަމަ މިހާރު މިގޭން ނުކުމޭ…އެހެންނޫނީ ޒައުލްއަށް އަހަރެން މިގުޅަނީ، އޭނަ އައީމަ ކަންތައްވާނެގޮތް އެނގޭނެ ކަންނޭގެ” ޔޫހާ ދެލޯ ބޮޑުކޮއްލުމާއިއެކު މިހެން ބުނެ ދޮރާދިމާލަށް ޝަހާދަތް އިނގިލި ދިއްކޮލަމުން ލާއިގާ ނުކުތުމަށް އިޝާރާތްކުރިއެވެ.
“ޒައުލް އާއި ކަލޭގެ ކައިވެނި ކުރެވުނަކަ ނުދޭނަން އަހަރެން ދުނިޔޭގަ ހުރިހާ ދުވަހަކު، ކަލޭވަރުގެ ލަދުހަޔާތް ކުޑަ އަންހެނަކު އަހަންނެއް ނުދެކެން…ކަލޭގެތި ރީތިކަން ވިއްކަން އަހަރެންގެ ދަރިނޫނީ ނުލިބުނީތަ، ހަނދާންކުރާތި ކަލޭ ޒައުލް އާއި ކައިވެނިކޮއްފިއްޔާވެސް ކަލޭގެ ދިރުއުޅުން ނަރަކައަކަށް ހަދާލާނަން…ހަނދާންކުރާތި..” ލާއިގާ ޔޫހާގެ މޫނުގައި ޖެހޭނުޖެހޭ ހިސާބުގައި ޝަހާދަތް އިނގިލި ދިއްކޮއްލައިގެން ހުރެ ބުނެލިއެވެ. ޔޫހާ ދެތިން ފަހަރަށް އެސްފިޔަޖަހާލުމާއިއެކުވެސް ބަހެއްނުބުނެ ހުރީ ލާއިގާ ނުކުތުމަށް އިޝާރާތްކޮއްލި ގޮތަށެވެ. ލާއިގާ ދެފަރާތައް ބޯހޫރުވާލަމުން ހުއް ކިޔާ މޫނު އަނބުރާލާފައި އަވަސް ހިނގުމުގައި އެކޮޓަރިން ނުކުމެގެން ހިނގައްޖެއެވެ. ކޮޓަރީގެ ދޮރު ލެއްޕުމާއިއެކު ޔޫހާއަށް ހަމަޖެހުމުގެ ނޭވާއެއް ބޭރުކޮއްލެވުނެވެ. އަދި މަޑުމަޑުން ލާއިގާގެ އަތްތިލާގެ ހޫނުކަން އިޙްސާސް ކުރެވިގެންދިޔަ ކޯތާފަތުގައި ފިރުމާލެވުނެވެ. ލާއިގާ އާއި އެފަދަ ގޮތަކަށް މުޚާޠިބުކުރާކަށް ޔޫހާ ބޭނުމެއްނޫނެވެ. އެހެންނަމަވެސް މިހާރު އެނޫންގޮތެއްނެތެވެ. ޒައުލް އޭނަ އާއިއެކު ވާން ބޭނުންވާ ފަދައިން އޭނަވެސް އެގުޅުން ހީނަރުވާކަށް އެއްގޮތަކަށްވެސް ނޭދެއެވެ. އެކަމަކު އެހެން އެކަން ވިޔަނުދިނުމައްޓަކައި ބަޔަކުތިބިކަންވެސް އިރުއިރުކޮޅާ ހަނދާންކޮއްދެމުން ދާކަހަލައެވެ. ޔޫހާ ކޮންމެގޮތެއްވެސް ވަރިހަމަކަމަށް ހަދާލަމުން ލިބުނު ކުޑަހިތްވަރާއިއެކު ފޯނު ނަގާ އޭނަގެ އެއްބަނޑު އެއްބަފާ ދައްތައަށް ގުޅިއެވެ. ހަމަ އެވަގުތު ދޮރު ހުޅުވާލާފައި ވަތް މީހަކު ފެނުމާއިއެކު ހީވީ ޔޫހާގެ ހަތަރެސްފައި ގަނޑުވިހެންނެވެ. ރުޅިވެސް އައިއެވެ. އެކަމަކު އެކަން ހާމައެއް ނުކުރެވުނެވެ. މަޑުމަޑުން ފޯނު ކަނޑާލުމާއިއެކު ދޮރާދިމާލަށް ބަލަހައްޓައިގެން ހުރެވުނީއެވެ.
“ޔޫހާ ޕްލީޒް، އިތުރު ވާހަކައެއް ދެއްކުމުގެ ބަދަލުގައި އަހަރެން ދައްކަން މިއުޅޭ ވާހަކަ އެންމެ ފަހަރު ވިޔަސް އަޑުއަހާލަބަލަ” އައްޔަދު ޔޫހާގެ ކޮޓަރިތެރެއަށް ވަދެގެން އައިސް އޭނަގެ ކުރިމަތީ ހުއްޓުނެވެ. އަދި ޔޫހާގެ ކުރިމަތީ ދެއަތްޖޯޑުކޮއްލަމުން އާދޭސްކުރަންފެށިއެވެ.
“ބުނަން އައްޔަދު ވާހަކައެއް، އަހަންނަކީ ޒައުލްގެ ޙައްޤެއް، އިރާދަކުރެއްވިއްޔާ އަހަރުމެން ދެމީހުންގެ ކައިވެނިވެސް ވަރަށް އަވަހަށް ކުރެވިގެންދާނެ، އަހަރެން ބޭނުމެއްނޫން ޒައުލް ހިތްހަމަނުޖެހޭކަމެއް ކުރާކަށް، އަހަރެން ޒައުލް ނޫން މީހަކާ ގުޅޭކަށް ގަސްދެއްނުކުރަން….އެދުވަހު އެވީކަންތައް މާޒީއަށް ދޫކޮއްލާ، އަހަރެން އިތުރަށް އައްޔަދު އާއި ވާހަކަދައްކާކަށް ބޭނުމެއްނޫން، އައްޔަދު އެދުވަހު ކަންތައްކުރީކީ ވަކި ރަނގަޅަށް ނޫން…” ޔޫހާ ނޭވާއަކަށްވެސް ނުހުއްޓިބުނެލިއެވެ. އޭނަ ބޭނުންވީ އައްޔަދު އެގެއިން ފޮނުވާލާށެވެ.
“އަހަރެން ދައްކާ ވާހަކަ އެއްފަހަރު އަޑުއަހާލަބަލަ، އަހަންނަށް ކަންތައްކުރެވުނީ ރަނގަޅަށް ނޫންކަން އެނގޭތީވެ މިއައީވެސް، މާފަށްއެދެން، އަހަރެން ބޭނުމެއްނޫން އަހަންނާ ޔޫހާ އާއި ދެމެދު އޮތް ރަޙުމަތްތެރިކަމުގެ ގުޅުން ކެނޑިގެންދާކަށް، ޕްލީޒް ޔޫހާ، އެކަން ވީގޮތް އަހަރެން ކިޔާދޭން މިއައީ، އަހަންނަށް އަދިވެސް ނުވިސްނޭ އެގޮތަށް އެކަން ކުރާށޭ ބުނިއިރު ހުރިހާ ދެރައެއްލިބޭނީ ޔޫހާއަށްކަމެއް…” އައްޔަދު އިސްޖަހާލަމުން ބުނެލިއެވެ. އޭނާ ހަގީގަތުގައިވެސް އެހުރީ ދެރަވެފައިކަން ޔޫހާއަށް އިޙްސާސްކުރެވުނެވެ. އެހެންނަމަވެސް އެހާ ފަސޭހައިން އައްޔަދުގެ މާފު ގަބޫލުކުރަން ޔޫހާ ބޭނުންނުވީއެވެ.
“ދެން ތިބުނަނީ މީހަކު ބުނެގެންނޭތަ އެދުވަހު އެކަންކުރީ….އެކަމަކު….އެއީ ކާކު” ޔޫހާ އިތުރު އެއްޗެއް އަހަން އުޅެފަވެސް އެއީ ކާކުތޯ އޮޅުން ފިލުވަން ވަގުތުން ބޭނުންވިއެވެ. އެއާއިއެކު އައްޔަދު ފައުޒީ އާއި ދިމާވިގޮތް ކިޔާދެމުން ދެންވީ ހުރިހާ ކަމެއްހެން ޔޫހާއަށް ކިޔާދީފިއެވެ. ލިބުނު ހައިރާންކަމާއިއެކު ޔޫހާއަށް ކައިރީގައި ހުރި އެނދުގައި އިށީނދެވުނެވެ. އަދި ޕިސް ޕިސް ލައްވާލެވުނީ ދެވަނަ ފަހަރަށް ފައުޒީގެ ހިޔަނި އޭނަގެ ދިރިއުޅުމަށް އެޅުނީމައެވެ. ފައުޒީ ބޭނުންވަނީ އޭނަގެ ކިބައިން ބަދަލު ހިފަންކަން ޔޫހާއަށް ޔަގީންވިއެވެ. އަދި އޭނަ އާއި ޒައުލްގެ ދިރިއުޅުންވެސް ހަލާކުކޮއްލުމެވެ. ލާއިގާ ފަދައިންނެވެ. ޔޫހާއަށް ދެލޯ މަރާލެވުނެވެ. އައްޔަދު އޭނަގެ ނުބައިމަޅިއަށް ވައްދާލާފައި ހުރިލެއް ކުޅަދާނަކަމުންނެވެ.
“ޔޫހާ…ކިހިނެއްވީ….އެއީ ކާކުކަން އެނގޭތަ، ޔޫހާ ދަންނަ މީހެއްތަ” ޔޫހާއަށް ވީގޮތުން އައްޔަދުއަށް އަހާލެވުނެވެ.
“ހޫމް، ވަރަށް ރަނގަޅަށް އޭނަގެ ގޮތް އެނގޭ…ދެރައީ އޭނަގެ ނުބައިކަމުގައި އައްޔަދު ބައިވެރިވިކަން…އެނގޭތަ…” ޔޫހާ ފައުޒީގެ ނުބައިކަމުގެ ވާހަކަ ފެށުނީއްސުރެން ކިޔާދޭންފެށިއެވެ. އައްޔަދުއަށްވެސް ފައުޒީ އޭނަގެ ބޭނުންކޮއްފައިވާކަން އިޙްސާސްކުރެވުނީ ދެނެވެ. ފައުޒީދެކެ އިންތިހާއަށް ރުޅިއާދެވުނެވެ. އަދި ޒައުލް ކަންތައް ކުރީ މާ ރަނގަޅަށް ކަމުގައި އައްޔަދުއަށް ބުނެވުނެވެ. ފައުޒީގެ ދުޝްމިންކަން އޮތީ ޒައުލްއަށްވުރެވެސް ބޮޑަށް ޔޫހާ އާއިމެދުގައިކަން އެނގުމުން އަދިވަކިން އައްޔަދު ރުޅިގަދަވިއެވެ. ފައުޒީ އެހާ ދަށު ދަރަޖައަކުން ޔޫހާ އާއިމެދު ދެކެފާނެއޭ އޭނަގެ ހިތަށްވެސް ނާރައެވެ. ވާނީވެސް އެހެންތާއެވެ. ފައުޒީގެ ވާހަކަތައް އޮމާންވެފައި އަޑުއަހާލާއިރު ގަބޫލުކުރަންވެސް އެހާފަސޭހައެވެ.
“އައި އެމް ސޮރީ، އަހަންނަށް މާފުކޮއްދީ، އަހަންނަށް ޒައުލްވެސް ނޭނގުނީ ދޯ، ޒައުލް ހުންނާނީ އަހަރެންދެކެ ވަރަށް ރުޅިއައިސްފަކަން ޔަގީން، އެކަމަކު މާފަށް އެދެން ބޭނުން، އަހަރެން ގަސްދުގަ ކުރިކަމެއްނޫން، އެކަމުގެ ސަބަބުން އަހަރެންގެ ހަމަޖެހުންވެސް ގެއްލިއްޖެ، އަހަންނަކީ އެއްވެސް އިރެއްގަ މީހުންނަށް ނުބައި މީހެއްނޫން…ޔޫހާ، އަހަންނަށް މާފުކޮއް އަހަރެންގެ ރަޙުމަތްތެރިއަކަށް ވާނަންތަ” ޔޫހާގެ ކުރިމަތީ އައްޔަދު ކުޑަކަކޫ ޖަހާލަމުން އަހާލިއެވެ. ޔޫހާ އިރުކޮޅަކު އިސްޖަހާލައިގެން އިނުމަށްފަހު އައްޔަދުއަށް ބަލާލީ ހިނިތުންވެލަމުންނެވެ. އައްޔަދުއަށް އޭނަ ބޭނުންވި ޖަވާބު ލިބުނެވެ.
“އަހަރެން ހަމަ މިހާރު މިދަނީ އޮފީހަށް، ބައްޕައަށް ހުރިހާ ވާހަކައެއް ކިޔާދޭނަން، އަހަންނަކަށް ޒައުލްހެން މާރަނގަޅެއްނުވެވޭނެ، ފައުޒީއަށް ރަނގަޅު ފިލާވަޅެއް ދަސްވާންޖެހޭނެ” އައްޔަދު ބުނެލިއެވެ.
އައްޔަދު އާއި ވާހަކަދައްކަން ކިތަންމެ ނުރުހިފައި ހުއްޓެއްކަމަކު އޭނަ ޔޫހާގެ ގާތަށް އައީތީ ޔޫހާ ޝުކުރުވެރިވެއެވެ. އެއީ ފައުޒީގެ ރޭވުމެއްކަން އެހެންނޫނީ ޔޫހާއަށް ނޭގުނީހެވެ. އައްޔަދުގެ ހިތުގެ ސާފުކަން ޔުހާއަށް އެނގި އެދެމެދުގައި ހިނގާދިޔަ ކަންތައްތައް ހައްލުކުރެވުނީތީ ޔޫހާގެ އިތުރުން އައްޔަދުވެސް ހިތްހަމަޖެހުނެވެ. އޭނަ ނުކުމެގެން ދިޔަތަން ބަލަން އިން ޔޫހާއަށް ހިތްހަމަޖެހުމުގެ ފުންނޭވާއެއް ބޭރުކޮއްލެވުމާއިއެކު ދެލޯމަރާލެވުނެވެ. އޭނަގެ ތުންފަތަށް ހިނިތުންވުމެއް ވެރިވެގެންދިޔައީ ފައުޒީގެ ނުބައިކަން އައްޔަދުއަށް ވިސްނުނީތީއެވެ. އަދި ކަންތައްތައް ގޯހުން ގޯހަށް ދިއުމުގެ ކުރިން ހައްލުވީތީއެވެ.
“ދަނީތަ؟” ކުއްލިއަކަށް ތެދުވި އަފްލީން ޔޫހާގެ ކޮޓަރިން ނުކުމެގެން ސިޓިން ރޫމު ދޮރާދިމާލަށް ދިޔަ އައްޔަދުއަށް ބަލާލާފައި ބުނެލިއެވެ.
“ހޫމް، އަހަރެން އައިކަންތައް ވެއްޖެ، އެހެންވީމަ ދެންދާނީނު” އައްޔަދު ހިނިތުންވެލައިގެން ހުރެ ބުނެލިއެވެ.
“އަހަންނާ ރަޙުމަތްތެރިކަމެއް ނުބާއްވާނަންތަ، އަޔާ ވާނީ ހަމައެކަނި ޔޫހާގެ ރަޙުމަތްތެރިއަކަށްތަ” އަފްލީން ބޭރަށްލަމުންދިޔަ ނޭވާހިފަހައްޓާލައިގެން ކަހަލަ ގޮތަކަށްހުރެ ބުނެލިއެވެ.
“ހެ ހެ ހެ….ނޫނޭ، ވަކިއެހެނެއްނޫން…އަދިއެއް މާގިނަ ރައްޓެހިންތަކެއް ނުލިބޭ، ލިސްޓު ދިގު ކުރާކަށްވެސް ނެތިން، އެކުން މިހާ އަވަހަށް ނުކުމެގެން ދާންމިއުޅުނީ ވަރަށް މުހިއްމު ކަމެއް ކުރަންވެފަ އޮތީމަ، އަފޫ…އަފޫ ދޯ ކިޔަނީ، ފަހުން ވާހަކަ ދައްކާލާނީ ދޯ” އައްޔަދު މިހެން ބުނެ ތަންކޮޅެއް ބޮޑަށް އަފްލީންއަށް ހިނިތުންވެލިއެވެ. އަދި ސިޓިން ރޫމު ދޮރުން ނުކުތް އައްޔަދުގެ ފަހަތުން އައި އަފްލީން އަނެއްކާވެސް އައްޔަދުއަށް ގޮވާލިއެވެ.
“އަހަރެންގެ ނަންބަރެއްވެސް އަޔާއަތަކު ނެތެއްނު، ދެން ކިހިނެއް ފަހުން ވާހަކަދައްކާލަން ގުޅާނީވެސް” މިފަހަރުވެސް އިސްނެގީ އަފްލީނެވެ. އޭނަގެ ހިތުގައި އައްޔަދުއަށް ޚާއްޞަ މަޤާމެއް ދެވިފައިވާކަން އައްޔަދުއަކަށް ނޭނގެއެވެ.
“ތެދެކޭ…” މިހެންބުނެލި އައްޔަދު ވަރަށް އަވަހަށް އޭނަގެ ފޯނު ނަންބަރު ކިޔާލިއެވެ. އަދި އޭނަގެ ފޯނަށް އަފްލީންގެ ނަންބަރު އެސްއެމްއެސް އެއްގެ ގޮތުގައި ފޮނުވާލަދިނުމަށް އެދި ގޭގެ ދޮރޯށިން ނުކުމެގެން ހިނގައްޖެއެވެ. ހިނިއައިސްފައި ހުރި އަފްލީނަށް އުފަލުން ދެއަތްޖޯޑުކޮއްލާފައި ގެނެސް މޭގައި ޖައްސާލިއެވެ. އެއާއިއެކު ހުވަފެނީ ގޮތަކަށް އައްޔަދު ނުކުމެގެން ދިޔަ ދިމާލަށް ގެއްލިފައި ހުއްޓެވެ.
އާފާގު އޭނަގެ ހޮޓަލަށް ވަންވަގުތާއި އައްޔަދުއަށްވެސް އައިސް ހޮޓެލުގެ ދޮރާދިމާލުގައި މަޑުކޮއްލެވުނު ވަގުތުވީ އެއްވަގުތަކަށެވެ.
“ބައްޕާ، މަސައްކަތް ބުރަ ވަގުތެއްތޯ” އައްޔަދު އާފާގު އާއިއެއްކޮށް ހޮޓެލުގެ ތެރެއަށް ހިނގައިގަންނަމުން އަހާލިއެވެ.
“ނޫނޭ، މިއައީ މެންދުރު ނަމާދަށް ގޮސްފަ، ދަރިފުޅު މިހާރު ނަމާދުކޮއްފިންތަ” އާފާގު އޯގާތެރިކަމާއިއެކު އައްޔަދު އާއި ވާހަކަދެއްކިއެވެ.
“ނޫން…އަޅުގަނޑު ވަރަށް މުހިއްމު ވާހަކައެއް ދައްކާލަންވެގެން މިވަގުތު” އައްޔަދު ލަސްލަހުން ބަސްތައް އަމުނާލިއެވެ.
“ނަމާދަށްވުރެ މުހިއްމު އެހެންކަމެއްނޯންނާނެކަން ދަރިފުޅަށް އެނގެއެއްނު، އަވަހަށްދޭ ނަމާދުކޮއްލައިގެން އަންނަން، ތިދައްކަން އުޅޭ ވާހަކައެއް ދައްކާނީ ނަމާދުކޮއްލައިގެން އައިސް، ބައްޕަ މިކޮޅުގައޭ އުޅޭނީ، ދަރިފުޅާއިއެކު ގެއަށް ދާނީ…ދެން ދޭ އަވަހަށް” އާފާގު އައްޔަދު ފޮނުވާލިއެވެ. އިތުރުގޮތެއް ނެތް މީހަކުފަދައިން އައްޔަދުވެސް މިސްކިތާ ދިމާލަށް ދިއުމަށް ހިނގައިގަތެވެ.
ޕާކްވިއު ހޮޓެލްގައި ހުންނަ ޒައުލްއަށް ޚާއްޞަކުރެވިފައިވާ ކޮޓަރީގައި އެކަނިމާއެކަނި އިނދެ މެންދުރުގެ ކެއުން ކުރިއަށްގެންދިޔައެވެ. އެހެންއިންއިރު ފާރުގައި ހަރުކޮއްފައިހުރި ބޮޑު ޓީވީ ހުޅުވާފައި ހުރުމުން ތަނުގެ ހަމަހިމޭންކަން ގެއްލިފައިވެއެވެ. ނަމަވެސް ޒައުލްގެ ސިކުނޑީގައިވާ ހައިޖާނުގެ އަޑުފައްގަނޑު ގަދަވެފައި ބޮލަށް ކުރާ ބާރު ބޮޑެވެ. ލަސްލަހުން ކުރިމަތީގައި ހުރި ތަށިން އެތިއެތިކޮޅު އުލަކުން ނަގާ އަނގަޔަށްލަމުންދިޔައެވެ. ހީވަނީ އެކާންޖެހޭތީވެސް އޭނައަށް ބޮޑުކަމަކަށްވެފައި އިންހެނެވެ. އެއްފައިމައްޗަށް އަނެއްފައި އަރުވާލަމުން ގޮނޑީގެ އަތްގަނޑުގައި ދެއަތްއަޅުވާލާ ހަމަޖެހިލިއެވެ. ގޮނޑީގެ ފަހަތަށް ކަރުއެލުވާލައިގެން ކަހަލަ ގޮތަކަށް ޒައުލް އިންއިރު އޭނަގެ ދެލޯވެސްވަނީ މަރާލެވިފައެވެ. މާގިނައިރަކު އެހެނެއް ނީނދެވުނެވެ. ކުރިމަތީގައި ހުރި މޭޒުގެ މަތީ ބާއްވާލާފައި އޮތް ފޯނު ރިންގުވިއަޑާއިއެކު ކުއްލިއަކަށް ޒައުލް ލޯހުޅުވާލާފައި ފޯނުނަގަން އަވަސްވެގަތެވެ. ފައިމަތީގައި އަޅާލެވިފައި އޮތް ނެޕްކިން ނަގާ ކައިނިމިފައި ހުރި ތަށީގެ އެއްފަރާތުގައި ބާއްވާލަމުން ފޯނު ނެގިއެވެ. ޒައުލްގެ ހަރަކާތް އަވަސްވީ އޭނައަށް ގުޅީ ކާކުތޯ ބަލަންބޭނުންވެފަ ހުރިވަރުންނެވެ.
“ކޮބާ ތިއައީ ނަމާދުކޮއްލައިގެންތަ؟” އާފާގުގެ އޮފީސްތެރެއަށް އައްޔަދު ވަނުމާއިއެކު އަހާލިއެވެ. އައްޔަދު ބޯޖަހާލަމުން އޭނަ އެވާހަކައެއް ދެއްކުމަށް ކެތްތެރިކަން ކުޑަވެފައިވާ ވާހަކަ އާފާގުއަށް ކިޔާދޭން ފެށިއެވެ. އާފާގު އޭނަގެ ދަރިފުޅު ދައްކަމުންދިޔަ ވާހަކަތައް އަޑުއަހަމުންދިޔައެވެ. ފައުޒީގެ ފަރާތުން އޭނައަށް ނޭދެވޭ އެއްވެސް ޢަމަލެއް ފެނިވައެއްނުވެއެވެ. އެހެންނަމަވެސް އާފާގު އޭނަގެ ދަރިފުޅަށް އިތުބާރުކުރެއެވެ. ނިތަށް އަރަމުންދިޔަ ރޫތައްގިނަވެ އާފާގުއަށް ތުނިތުނިކޮށް ފަޅާފައިހުރި ތުނބުޅީގައި އަތްހާކާލެވުނެވެ. އަދި އައްޔަދުގެ ގާތުން އޭނަ ކިޔާދިން ހުރިހާ ކަމަކީ ކިހާވަރެއްގެ ތެދެއްތޯ ސުވާލުކުރިއެވެ. އައްޔަދުގެ ގާތުގައި ޔޫހާ ދެއްކި ހުރިހާ ވާހަކައެއްވެސް އޭނަ އާފާގުއަށް ކިޔައިދިނެވެ.
“ބައްޕަ އޭނަ މިތަނުގެ ވަޒީފާއަށްވެއްދީ ދަރިފުޅަށް އިތުބާރުކޮއްފަ، ތިބުނާހެން ކަންތައްތައް ހިނގާފައިވީނަމަވެސް މިތަނުގެ ވަޒީފާއަށް އޭނަ ފަރުވާކުޑަކޮއްފައެއްނުވޭ، އެހެންވެ އޭނަ ވަޒީފާއިން ވަކިކުރަންވީމަ…” އާފާގު ވިސްނާލިއެވެ.
“ބައްޕާ، އަޅުގަނޑު އޭނަ މިތަނަށް ގެނައީ، އެކަމަކު މިހާރު އެއްގޮތަކަށްވެސް ބޭނުމެއްނޫން ދެން އިތުރަށް މިތާ ބަހައްޓާކަށް، އޭނައަށް ދެވަނަ ފުރުޞަތެއް ލިބުނީމަވެސް ރަނގަޅުވާކަށް ނޭނގުނު، ހަގީގަތުގަ އޭނަ އަޅުގަނޑާއި ގުޅުންބޭއްވީ ޔޫހާ އާއި ގާތްވާތްވެގެން، ޔޫހާއަކީ އަޅުގަނޑު ވަރަށް ގާތްކޮއްދެކޭ ރަޙުމަތްތެރިއެއް، އޭނައަށް ދެރައެއްލިބޭކަށް އަޅުގަނޑު ބޭނުމެއްނޫން، ފައުޒީ މިތަނަށް ވަނީ މުޅިން އޮޅުވާލައިގެން….” އައްޔަދުގެ މޫނުމަތިން ހިތްހަމަނުޖެހުން ފާޅުވަމުންދިޔައެވެ. ހަމައެވަގުތު ގަނޑުތަކަކާއި ފައިލެއް ހިފައިގެން ފައުޒީ އައިސް އާފާގުގެ އޮފީހުގެ ބިއްލޫރު ދޮރުގައި ހިފާ ހުޅުވާލަމުން ވަދެއްޖެއެވެ.
“ކަލެއަށް ނޭނގޭތަ ރީތި އަދަބުތައްވެސް، ވެރިޔާގެ އޮފީހަށް ވަދެގެން ތިއަންނަނީ އަމިއްލަ ގެއަށްވަދެގެން އަންނަ އުސޫލުން، ކޮބާތަ ކަލޭގެ ވެރިޔާއަށް ކުރަންޖެހޭ ގަދަރާ ދޭންޖެހޭ އިއްޒަތް…” އައްޔަދު ރުޅިވެރިކަމާއިއެކު ފުއްމައިގެން ގޮނޑިން ތެދުވަމުން ފައުޒީ އާއި ދިމާލަށް އެއްޗެހިކިޔަންފެށިއެވެ. އާފާގު އަވަސް އަވަހަށް އޭނަގެ އަތް އައްޔަދުއަށް ދިއްކޮއްލަމުން އެއްވެސް އެއްޗެއް ނުބުނެ އިށީނުމަށް އިޝާރާކުރިއެވެ. އައްޔަދު ފައުޒީއަށް ދެލޯ އަޅާލުމާއިއެކު ކުރިންވެސް އިށީނދެގެން އިން ސޯފައިގައި އިށީނދެ ސޯފާގެ އަތްގަނޑުގައި މުއްކަވާލިއަތުން ޖެހިއެވެ. އޭނައަށް ފައުޒީ ފެނުމުން އައިސްފަ ހުރި ރުޅި ކޮންޓްރޯލުކުރަން އުނދަގޫވީއެވެ. އޭރު ފައުޒީ ހުރި ފިޔަވަޅުމަތީ ގުޑާވެސް ނުލާހުރީ މިވަނީ ކިހިނެއްކަން ނޭގޭ މީހަކުފަދައިންނެވެ.
“ފައުޒީ، އެހަށް ބޭރުގައި މަޑުކޮއްލާ…ދަމުން ދޮރުލައްޕާލާފަ ދާތި” އާފާގުވެސް އޭރުހުރީ ގޮނޑިން ތެދުވެ ކޮޅަށެވެ. ދުވަހަކުވެސް އައްޔަދު އެހާ ރުޅިއައިސްފައި ހުއްޓަ އާފާގު ނުދެކެއެވެ. ފައުޒީ ނުކުމެގެން ދިއުމާއިއެކު އާފާގު އޭނަގެ ދަރިފުޅަށް ނަސޭހަތްތެރިވިއެވެ. ރުޅިމަޑުކުރުމަށެވެ. އަދި ވިސްނުމަށްފަހު ނޫނީ ފައުޒީ އާއިމެދު ފިޔަވަޅެއް ނޭޅުމަށެވެ. އާފާގު ފައުޒީއަށް ކަންތައްކުރާނެގޮތެއް ދޫކޮއްލީ އައްޔަދުގެ އަތްމައްޗަށެވެ. ވަޒީފާއިން ވަކިކުރިކަމުގައި ވިޔަސް އަދި އޭނައަށް އަދިވެސް ފުރުޞަތުދޭން ބޭނުންވިކަމުގައިވިޔަސް އެނިންމުން ނިންމާނީ އައްޔަދުއެވެ. އެކަމަކު އެވަގުތަށް އެކަން ފަސްޖައްސާލުމަށްފަހު މެންދުރުގެ ކެއުމަށް އާފާގު އާއިއެކު ގެއަށް ދިއުމަށް އޭނަ އެދުނެވެ. އޭރުން ދެން އެތަނަށް އަންނައިރު ހުންނާނީ ރުޅިމަޑުވެ ވިސްނުމުގެ ބޭނުން ރަނގަޅަށް ހިފޭނޭފަދަ ހާލެއްގައި ކަމަށްވާނެތީއެވެ.
އާފާގު އާއި އައްޔަދު ގެއަށް އައުމާއިއެކު ޒަރާނާގެ ކަންފަތަށްވެސް ފައުޒީގެ ވާހަކަތައް ފޯރާއިފިއެވެ. އޭނަވެސް ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކުރިއެވެ. އަދި އައްޔަދުއަށް އެފަދަ މީހަކާ ވާހަކަދައްކަން ޖެހުނީ ކީއްވެގެންތޯ ސުވާލުކުރިއެވެ.
“މަންމަވެސް އޭނަ އާއި ވާހަކަދައްކާލި ނަމަ އެނގޭނީ އޭނަގެ ދޮގުތަކުގެ ފަށުވިކަން” އައްޔަދު ބުނެލިއެވެ.
“ދެން ރުޅިގަދަނުވޭ….އެހެންވެސް ވާނެ، އަހަރުމެންގެ ކުށެއްނޫން އެއީ އަހަރުމެން މީހުންނަށް އިތުބާރު ކުރުން، އާފާގު، އެކަހަލަ މީހަކު އެހާ ކައިރިކޮއްގެން އުޅޭކަށް އަހަންނަކަށް ނުފެނޭ، ހޮޓެލުގައި އެއުޅެނީ އަންހެން ކުދިންނާ ފިރިހެން ކުދިން، ތިބުނާ ފައުޒީއަކު އެކަހަލަ ކަމެއްކޮއްފިއްޔާ….ދެން ނޭނގެ، އަހަންނަށްވުރެ ބޮޑަށް އާފާގުއަށް އެގޭނީ ތިކަހަލަ ކަންތައްތައް” ޒަރާނާ ހިތައްއެރިއެއްޗެއް ހާމައެއްނުކުރިއެވެ.
ހަވީރު އާފާގު އޮފީހުން ނުކުމެގެން ދިޔައީ އައްޔަދު އާއި އޮފީސް ހަވާލުކޮއްފައެވެ. އޭނަ ނުކުމެގެން ދަމުން އޮފީސް ތަޅުލުމަށްވެސް ބުނެފައެވެ. އަދި ފައުޒީ އާއިމެދު ނިންމާގޮތެއް ނިންމުމަށާއި އެކަމާ އާފާގުގެ އެއްވެސް މައްސަލައެއްނެތްކަމުގައެވެ. އާފާގު ދިޔައީ އައްޔަދު ފައުޒީއަށް ދިނުމަށް ތައްޔާރުކުރި ލިޔުމުގައި ސޮއެވެސް ކޮއްފައެވެ.
“އަޔާ، ހާދަ ރުޅިގަދަވެގެން އުޅޭ ދުވަހެކޭ” ފައުޒީ އެއޮފީހުގެ ތެރެއަށް ވަންނަމުން ސަމާސާގޮތަކަށް ބުނެލިއެވެ.
“އަހަންނަކީ ކަލޭގެ ރަޙުމަތްތެރިއެއްނޫން ތިގޮތަށް ވާހަކަދައްކާކަށް، މިތަނަށް ގެނައީ މީތި ހަވާލުކުރަން” އައްޔަދު އޭނަގެ ބައްޕަގެ ބޮޑުގޮނޑީގައި އިނދެ އަތުގައި އޮތް ސިޓީ އުރަ ފައުޒީއަށް ދިއްކޮއްލިއެވެ. ފައުޒީއަށް އައްޔަދުގެ ރުޅިވެރިކަން ގުޅިފައިވާކަމެއް އެއްގޮތަކަށްވެސް ދެނެއެއްނުގަނެވުނެވެ. އޭނަ ހިމޭންކަމާއިއެކު ސިޓީއުރައިގައި ހިފުމަށްފަހު ބަލާލިއެވެ. އާފާގުގެ ހޮޓެލް ކޮމްޕެނީގެ ލޯގޯ ޖެހި ސިޓީއުރަ އެޑްރެސްކޮއްފައިވަނީ ހުދު ފައުޒީއަށެވެ. އެތެރޭގައި އޮތް ލިޔުން ނަގާ ކިޔާލުމާއިއެކު އޭނަގެ ދެލޯ ބޮޑުވެގެންދިޔައެވެ.
“މީ…މީ….ކީއްވެ އަޔާ…ކީއްވެ…” ފައުޒީއަށް ލިބުނު ހައިރާންކަމާއިއެކު އަތުގައި އޮތް ގަނޑުގައި ލިޔެފައިވާ އެއްޗެއް ގަބޫލުކުރަން ދަތިވީއެވެ.
“އަޔާއަކީ އަހަރެންގެ ރަޙުމަތްތެރިން ކިޔާނަމެއް، އިތުރު ވާހަކައެއް ނުދައްކާ ސިޓީ ހިފައިގެން ދިއުން އެންމެ ރަނގަޅު ވާނީ” އައްޔަދު ބުނެލިއެވެ. ފައުޒީ އެއްފަހަރު އޭނަގެ އަތުގައޮތް ސިޓީއަށް އަނެއްފަހަރު ކުރިމަތީ އިން އައްޔަދުއަށް ބަލަމުންދިޔައެވެ. އޭނައަށް ހީވީ އޭނަގެ ކުރިމަތީގައި ދެވަނަ ޒައުލްއެއް އިންހެނެވެ. އޭނަ ހުރިހާކަމެއްކުރީ ކިހާ ވިސްނުންތޫނުކަމާއި ރޭވުންތެރިކަމާއިއެކު ހެއްޔެވެ. އައްޔަދު ހުރީ އޭނަ ބުނިހާކަމެއް ކުރަން ތައްޔާރަށެވެ. ކުއްލިއަކަށް މިވީ ކިހިނެތްހެއްޔެވެ. ފައުޒީއަކަށް ނުވިސްނުނެވެ.
“އައްޔަދު، ތިކަންތައް ކުރަނީ ރަނގަޅަކަށް ނޫން، އަހަރެން މިކޮމްޕެނީގެ ވަޒީފާއިން ވަކިކުރަންޖެހޭވަރުގެ އެއްވެސް ކަމެއް ނުކުރަން” ފައުޒީ ކުރިއަށްވުރެ އައްޔަދު އިން މޭޒާ ކައިރިއަށް ޖެހިލާ އަތުގައި އޮތް ލިޔުން ދައްކާލަމުން ބުނެލިއެވެ.
“ވަޒީފާއޭ، ކަލޭ މިތަނުން ވަޒީފާ ހޯދީ އަހަރެން މެދުވެރިކޮށް، ދެންވެސް ކަލޭ އެތަށްކަމެއް ކުރީމެއްނު އަހަރެންލައްވާ، ބުނަން، ފައުޒީ މާގިނަ ބަހަނާދެއްކޭ މީހަކަށް ހެދެން ނޫޅޭ، އަހަރެންމީ ޒައުލްއެއްނޫން، އަހަރެން ކަލޭ މިތަނުން ބޭރުކުރަން ބޭނުންވަނީ ދެން އެހެންތަނަކަށް ނުވަދެވޭނޭފަދަ ގޮތަކަށް، މިދާއިރާގެ އެއްވެސް ތަނަކުން ކަލޭ ގަބޫލެއްނުކުރާނެ…ދެން ދޭ މިތަނުން، މިއޮފީހުންވެސް މިހޮޓެލުންވެސް ނުކުމެގެން ދޭ” އައްޔަދު އޭނައިން ގޮނޑިން ތެދުވިއެވެ. ފައުޒީ ރުޅިވެރިކަމުން ފުރިގެންވި ނަޒަރަކުން އައްޔަދުއަށް ބަލާލިއެވެ.
“އަން ކަލެއަށް މީތި…” ފައުޒީ އޭނަގެ އަތުގައި އޮތް ލިޔުން ވީދާ ލުމަށްފަހު ބޮނޑިކޮއްލުމާއިއެކު އޭގެން އެއްލާ އައްޔަދުގެ ގައިގާ ޖެހިއެވެ.
“ހެ ހެ ހެ ހެ….ކޮންމެ ފަހަރަކު ބޭނުންވާހާ ގޮތަކަށް ކަންތަކެއްނުވާނެ، އަހަންނަށް އެނގޭ ފައުޒީ ތިހިރީ ރުޅިއައިސްފަކަން، އަތުންފައިން ގޯހެއް ނުހެދެނިސް ދެންވެސް މިތަނުން ދާން ފެންނަނީ، މާމައްޗަށް ކަލޭގެ ކަންތައް ދަންދެން އަހަރެން ބަލާކަށް ނުހުންނާނަން” އައްޔަދު ތެދުވެ ކުރިމަތީގައި ހުރި މޭޒުގައި ދެއަތްތިލަ ޖައްސާލަމުން ދާދި ދެންމެއަކު ފައުޒީ ބޮނޑިކޮއްލާފައި އެއްލާ އޭނަގެ ގައިގާ ޖެހި ކަރުދާސްގަނޑު އަތަށް ނަގައިގެން ހުރެ ހީނލާފައި ވާހަކަދެއްކިއެވެ. އައްޔަދު ވާހަކަދެއްކީ ވަރަށް ހަމަޖެހިލައިގެން ހުރެއެވެ.
“އަހަރެން މިތަނުން ދާން މިދަނީ، އެކަމަކު ދިއުމުގެ ކުރިން އައްޔަދުއަށް މިހާތަނަށް ނޭނގޭ ވާހަކައެއް އަހަރެން ބުނެދޭނަން…..އައްޔަދުއަށް އެނގޭތަ އައްޔަދުގެ މަންމަގެ ތިނޫންވެސް ކުދިން ތިބިކަން، އާފާގުއަކީ ކަލޭ މަންމަ ކައިވެނި ކުރި ފުރަތަމަ މީހާއެއްނޫން، ރަނގަޅަށްވެއްޖެޔާ ކަލޭވެސް ތީ ކާކުގެ ދަރިއެއްކަމެއް ނޭނގެ، އާފާގުގެ ކަމެއް ނޫނީ…” ކުއްލިއަކަށް އައިނައިގޮތެއް ނޭނގި ފެނުނީ އައްޔަދު ފައުޒީގެ ގަމީހުގެ ގޮއްފަތީގައި ގިރުވާނާއިއެކު ހިފިތަނެވެ.
“އަހަރެންގެ މައިންބަފައިންނާއި ނުބެހޭތި، މިތަނުން ބޭރުކޮއްލީމަވެސް ދާންނޭނގިފަ ތިހިރީ….އަހަންނަށް އެނގޭ ކަލޭ މިތަނުން ބޭރުކުރަންވެސް” ރުޅިވެރި ކަމާއިއެކު އައްޔަދު ބާރަށް ވާހަކަދެއްކިއެވެ. އަދި ގަދަކަމުން ކަހަލަގޮތަކަށް ފައުޒީ އެއޮފީހުން ބޭރަށް ނެރުމަށް އުޅުނެވެ.
“ހެ ހެ ހެ ހެ…ހަގީގަތް ހާމަކުރަން އުޅުނީމަ އެއަޑުއަހަން ކެތެއްނުވިދޯ، ބަލަ އަހަރެން މިތަނުން ކަނޑާލީމަ ދައްކާވާހަކައެއްނޫނޭ މީ، ކަލޭ ނަފުރަތު ކުރަމުން ތިއަންނަ ޒައުލްއަކީ ކާކުތޯ ކަލޭގެ މަންމަ ކައިރިން އަހާބަލަ، އެއްވެސް ކަމެއް ކަލެއަށް ނޭނގޭތީވެ އަހަރެން ހައިރާންވޭ….ކަލޭތީ މޮޔައެއް….ދޫކުރޭ މަގޭ ގަމީހުން….” ފައުޒީ މިހެން ބުނެ އައްޔަދުގެ އަތް ފޮޅުވާލިގޮތަށް އެއޮފީހުން ނުކުމެގެން ހިނގައްޖެއެވެ. އައްޔަދުއަށް ހާސްކަން ލިބިގެން ދިޔައީ ނުކުމެގެން ދަމުން ފައުޒީ ދެއްކިވާހަކައަކުންނެވެ. ފައުޒީ ނުކުމެގެން ދިޔަ ދޮރާދިމާލަށް ބަލަހައްޓައިގެން އައްޔަދުއަށް ހުރެވުނީ ފިކުރުގެތެރެއަށް ގެއްލިފައެވެ. ފައުޒީ އަދިވެސް އޭނަގެ ބުއްދިއާއިކުޅެން އުޅެނީބާއޭ ހިތައްއަރާފައެވެ. އެކަމަކު ފައުޒީގެ އަޑުގައި ހަރުލާފައި ހުރި މަލާމާތުގެ ރާގު އައްޔަދުއަށްވެސް ފާހަގަކުރެވުނެވެ. ބޮލުގެ އިސްތަށިގަނޑުގައި އަތްފުނާއަޅާލުމާއިއެކު ފުންނޭވާއެއް އައްޔަދު ބޭރުކޮއްލިއެވެ. އަދި ފަހަތަށް އެނބުރި މޭޒުގައި ދެއަތްވިއްދާލަމުން އިސްޖަހާލައިގެން އިރުކޮޅަކު ހުއްޓެވެ.
“ޒައުލް، މަޑުކޮއްލަބަލަ…” ސިޓިން ރޫމު ސޯފާގައި އިން ލާއިގާއަށް ގޭތެރެއަށްވަދެގެން އައި ޒައުލް ފެނުމާއިއެކު ބުނެލިއެވެ. ކުރިއާއި ހިލާފަށް ޒައުލްއަށް ވަރަށް ބޮޑެތި ބަދަލުތައް އައިސްފައިވާކަން ލާއިގާއަށް އެނގެއެވެ. އެހެންނަމަވެސް އެކަމާ އޭނަވަނީ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައެވެ. ހިތުގައި ރުޅިވެރިކަން ފޮރުވާލައިގެން ޒައުލްއަށް ހިނިތުންވެލައިގެން އިންއިރު އޭނަގެ ހިތުގައިވާ ރުޅިވެރިކަން ގުޅިފައިވަނީ ޔޫހާ އާއިއެވެ.
“އަޅުގަނޑު ވަރަށް އަވަހަށް ބޭރަށް ދާންވެގެން މިއުޅެނީ، މާމަ ކަމަކުތޯ” ޒައުލް މަޑުކުރަން ބޭނުންނުވާފަދަ ގޮތަކަށް ބުނެލިއެވެ.
“ކަމަކު ނޫނަސް މިތާ މާމަ ގާތު މަޑުކޮއްލެވިދާނެއެއްނު، މިހާރު އަބަދު ގޭން ބޭރުގަ ޒައުލް ތިއުޅެނީ، މާމަ ގުޅިޔަސް ގިނަފަހަރަށް ފޯނެއްނުނަގާ، ހެނދުނު ދިޔަމީހާ އަދި މިފެނުނީ، އާދެބަލަ…މިތާ މާމަ ގާތު ސޯފާގައި އިށީނދެލަން…” މިހެންބުނެ ލާއިގާ އޭނަގެ އަތްފޯރާހިސާބުގައި ހުރި ދިގު ސޯފާ ގޮނޑީގެ އަތްގަނޑުގައި އަތުން މަޑުމަޑުން ޖަހާލިއެވެ.
ޒައުލްއަށް އިތުރަށް ލާއިގާ އާއި ދެބަސްވާކަށް ނުކެރުނެވެ. އެހެންނަމަވެސް އޭނަގެ ސިކުނޑީގައި ހައިޖާނެއް އުފެދިފައިވާ ކަހަލައެވެ. ލަސްފިޔަވަޅުތަކެއްގައި ޒައުލް އައިސް ސޯފާގައި އިށީނދެއްޖެއެވެ. ދެތިންމިނެޓެއްހާއިރު ހޭދަވެގެންދިޔައީ ދެމީހުންކުރެ އެކަކުވެސް އަނގައިނުބުނެ ހަމަހިމޭންކަންމަތީއެވެ.
“ދަރިފުޅާ، އަންނަ ހަފްތާގައި ލޫލުއާއި ހާޒިމް މާލެ އަންނާނެ، އެމީހުން ތިބޭނީ ހާޒިމްމެންގެ ގޭގައި….ބައްޕަ މަންސޫރުވެސް ބޭނުންވަނީ ދަރިފުޅާއި ހާޒިމް އާއި ގުޅިގެން މަސައްކަތްތައް ކުރިއަށް ގެންދަން، ކުރިއެކޭ އެއްގޮތަށް، އެހެން ބުނީމަ މިހަނދާންވީ، ދަރިފުޅުގެ ބައްޕަ ވާހަކައެއް ދައްކާލަން ބޭނުންވެގެން އުޅެނީ، ކޮޓަރިއަށް ދިއުމުގެ ކުރިން ބައްޕަގެ ކޮޓަރިއަށް ވަދެލައްޗޭ” ލާއިގާ ވާހަކަދައްކަމުންދިޔައިރު އެތަށްފަހަރަކު ޔޫހާގެ ނަން ކިޔަން ބޭނުންވިއެވެ.
“އަޅުގަނޑު ކޮޓަރިއަށްގޮސް ފެންވަރާލައިގެން ބައްޕަގެ ގާތަށް ދާނަން” ޒައުލް ލާއިގާ އާއި ދިމާލަށް ބަލާލުމެއްނެތި ބުނެލިއެވެ.
“ޝައިސްތާ މިގެއަށް އައިސް އުޅެފަ އެދިޔައީ ދާދި ދެންމެއަކު، ދަރިފުޅުގެ ވާހަކަ އެހި، ޒައުލް ދުރުވީ ހަމައެކަނި މާމަ އަކާވެސް ނޫން، ޒައުލްގެ ޒަމާންވީ ރަޙުމަތްތެރިއެއްނޫންތަ ޝައިސްތާއަކީ، ތިދެކުދިން އުޅުނީ ކިހާ ގުޅިގެން، ކީއްވެތަ ތިހެން ތިއުޅެނީ، މާމަ ވަރަށް ހިތްހަމަނުޖެހޭ މިހާރު ޒައުލްގެ އުޅުން ހުންނަ ގޮތުން” ލާއިގާ އެވާހަކައެއް ދައްކަންބޭނުންނުވެފައި އިނަސް އެކަމާގުޅިގެން ބުނެވުނެވެ.
“މާމާ، އަޅުގަނޑަށް ބަދަލުތަކެއް ނާދޭ، ޝައިސްތާވެސް އަޅުގަނޑުގެ ފަރާތުން އެކުވެރިކަމަށް އެދޭނަމަ އެކަން ގަބޫލުކުރާނަން، އެކަމަކު އަޅުގަނޑުގެ ހަޔާތުގެ ބައިވެރިޔަކަށް ވާކަށް ޝައިސްތާ އާއިމެދު ގަބޫލެއްނުވެވޭނެ، އެއީ އަޅުގަނޑުގެ ހަޔާތުގެ ބައިވެރިޔާ ހޮވާ ނިންމާފަވާތީ، މާމައަށް އަޅުގަނޑުގެ ހޮވުން ކަމުނުދާކަން އަޅުގަނޑަށް އެނގޭ، އަޅުގަނޑަށް މާފުކުރޭ މާމާ، އަޅުގަނޑަށް ކުށެއްކުރެވިފަވަނީ، އެކުށަށް ތައުބާވާންވެސް ބޭނުން…ކިޔާންއަކީ އަޅުގަނޑުގެ ދަރިއެއް، މާމައަށް ކިޔާން ފެނުނު ފުރަތަމަ ދުވަހުވެސް ވީގޮތް އަޅުގަނޑަށް ރަނގަޅަށް ފެނުނު، އެނގޭ އަޅުގަނޑު މިދައްކާ ވާހަކައަކީ ތެދު ހަގީގަތްކަން މާމައަށް އެނގޭކަން، ދެންކީއްވެ ގަބޫލުކުރަން ބޭނުންނުވަނީ…މާމަ އެއްފަހަރުވެސް އާނއެކޭ ބުނެބަލަ، ޔޫހާ ދަސްކުރަން މަސައްކަތްކޮއްލަބަލަ، އަޅުގަނޑަށް ޔަގީން މާމައަށްވެސް ޔޫހާގެ ގޮތް އެނގިގެން ދާނެކަން، މާމާ…އަޅުގަނޑަށްވެސް ފަސޭހައެއްނޫން މިގޮތަށް ހިތްހަމަނުޖެހިގެން އުޅޭކަށް، އަޅުގަނޑުގެ އޮތް ހަމައެކަނި އާއިލާއަކީ މީ، ވީއިރު އާއިލާގެ….އެވެސް އަޅުގަނޑު ބަލާމިވަރު ކުރި މައިންބަފައިންދެކެ ރުޅިއައިސްގެން އުޅެން ބޭނުންވާނެތަ؟ އެކަމަކު އަޅުގަނޑަށް ކިޔާންއަކީ އަޅުގަނޑުގެ ދަރިއެއްކަން އެނގޭއިރު އެކުއްޖާ އާއި ހަވާލުނުވެއެއްވެސް ނުކެރޭނެ، އަޅުގަނޑަށް ކަންތައްތައް ވިސްނޭވަރަށް މިހިރީ ބޮޑުވެފައި، މިހާރު އަޅުގަނޑުގެ އަތުގައި ހިފައިގެން މީހަކު ހިނގާކަށް ނުޖެހޭނެ، އަޅުގަނޑު ދެކޭގޮތުގައި މައިންބަފައިންވެސް އެމީހުންގެ ދަރިން ބޮޑުވެއްޖެކަން ކޮންމެވެސް ހިސާބަކުން ގަބޫލުކުރަން ޖެހޭނެކަން، އެކުދިން އަމިއްލަ ނިންމުންތަކެއް ނިންމާނެ ފުރުޞަތުތަކެއް ދޭންވާނެ، މުޅިއުމުރު މައިންބަފައިންނަކަށް ނުތިބެވޭނެ ދަރިންގެ އުފާތައް ގެއްލިދާނެތީ އެކަމާ ފާރަވެރިވެއެއް….” ޒައުލްގެ ވާހަކަތައް މާދިގުވާންފެށުމުންނާއިއެކު ލާއިގާ ޒައުލްގެ ވާހަކަތަކަށް ހުރަސްއެޅިއެވެ.
“މައިންބަފައިން އެމީހުންގެ ދަރިން ބަލާބޮޑުކުރަނީ ވަރަށް ފޮނި އުއްމީދަކާއިއެކު، އެމީހުންގެ ބަސް އަބަދުވެސް އެދަރިންގެ ކުރިމަތީ ވިކޭނެކަމުގެ ޔަގީންކަމާއިއެކު، ދަރިންނަށް ކިޔަވާދީ ހުރިހާ ރަނގަޅު މަގުތައް ފަހިކޮއްދެމުންދާ ބަޔަކީ މައިންބަފައިންކަމަށް ވާއިރު އެދަރިންގެ މަސްއޫލިއްޔަތެއްނޫންތަ މައިބަފައިން ބުނާގޮތް ގަބޫލުކުރުމަކީ، ޔަގީނުންވެސް އެދަރިންނަށް ނުބައިމަގެއް ހިޔާރެއް ނުކުރާނެ” ލާއިގާ ޒައުލްގެ ވާހަކަ އާއި މުޅިން އިދިކޮޅެކެވެ.
“މާމާ، ރުޅި ގަދަވުމުގެ ބޭނުމެއްނެތް، އަޅުގަނޑު މިކަމާ ބެހޭގޮތުން ވާހަކަދެއްކިޔަސް ވާނީ ބޭކާރު ކަމަކަށްކަން އެނގޭ، އެހެންވެ އެއްޗެއް ނުބުނެ މަޑުން މިހުންނަނީ” މިހެންބުނެ ޒައުލް ސޯފާއިން ތެދުވެ ހިނގައިގަތެވެ.
“ޝައިސްތާގެ އާއިލާ އާއި ކައިވެނީގެ ވާހަކަދައްކައިފިން، ތިހެން ޒައުލް މަޑުމަޑުންހުރޭ ކައިވެނި ނިމެންދެން، ޒައުލްގެ ބައްޕަވެސް ނިންމާފަވަނީ މިގޮތަށް، ޝައިސްތާ އާއި ޒައުލްގެ ކައިވެނި ވީހާވެސް އަވަސްކުރަން، އަންނަ ހަފްތާގަ ލޫލުއާމެން އަންނަންވާއިރަށް ކައިވެނީގެ ހުރިހާ ކަމެއް ރާވާ ނިމޭނެ” ލާއިގާ ބުނިއެއްޗަކުން ސިޑިއާއި ދިމާލަށް ދިޔަ ޒައުލްއަށް ހުއްޓެވުނެވެ. އަދި ފަހަތަށް އެނބުރި ލާއިގާ އާއި ދިމާލަށް ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައިވާ ނަޒަރަކުން ބަލާލިއެވެ.
“މާމަ ބޭނުންވަނީ ތިގޮތްކަމުގައިވާނަމަ އަޅުގަނޑުގެ މައްސަލައެއްނެތް، އެކަމަކު ގަދަކަމުން އަޅުގަނޑުގެ ކައިވެނި ޝައިސްތާއަކާއި ނުކުރެވޭނެ، މާމަ ބޭނުންވާނަމަ ކައިވެނީގެ ތައްޔާރީތައް ކުރިއަށްގެންދިޔަސް އެކަމާ އަޅުގަނޑު ހުރަހެއް ނާޅާނަން، ޝައިސްތާ އާއި ކައިވެނި ކުރަންޖެހުނު ކަމުގައިވިޔަސް އަޅުގަނޑުގެ ދެވަނަ އަންބަކަށް ޔޫހާ އާއި ކައިވެނިކުރާނަން، އޭރުން އަޅުގަނޑު މާމަ ބޭނުންވާގޮތަށް ކަންތައް ނުކުރައްވަމެކޭ ނުބުނެވޭނެ ނޫންތޯ، ޝައިސްތާ ގާތުވެސް އަޅުގަނޑު ބުނާނަން، އޭނަ އާއި ކައިވެނި ކުރަންޖެހިގެން އެނޫންގޮތެއް ނެތިއްޔާ ކައިވެނިކޮއްފާނަމޭ، އެކަމަކު އޭރުންވެސް އަޅުގަނޑު ދެވަނަ އަންބެއް ހިޔާރު ކުރާނަންކަން، އަދި އެއީ ޔޫހާކަންވެސް” ޒައުލް އިތުރަށް ފަޅިސިކުންތެއްހާއިރުވެސް ލާއިގާގެ ކުރިމަތީ މަޑުނުކުރިއެވެ. ދުވަމުން ކަހަލަ ގޮތަކަށް ސިޑިން އަރައިގެން ދިޔައީއެވެ.
ދެކަންފަތަށް އައިޕޮޑަށް ގުޅާފައިވާ ހެޑްފޯނު ޖަހައިގެން އައްޔަދު އޭނަގެ އެނދުގައި އުއްޑުން އޮށޯވެލައިގެން އޮތެވެ. އެހެން އޮތްއިރު އޭނަ ފެންނަމީހަކަށް ހީވާނީ އޭނަގެ މޭމަތީގައި ބާއްވާލެވިފައި އޮތް އައިޕޮޑުން ލަވައަޑުއަހަނީ ހެންނެވެ. އެހެންނަމަވެސް ހެޑްފޯނުން އެއްވެސް އަޑެއް ނާދެއެވެ. އޭނަ އޮތީ ފުންވިސްނުމެއްގެ ތެރޭގައެވެ.
“މަންމަ ގާތުގަ އަހަންވީބާ، ނޫން ނޫން، ފައުޒީ ބުނާހާކަމެއް ކުރަން ހަދައިގެން ޔޫހާ އާއި އަހަންނާމެދުގަ މައްސަލަ ޖެހުނީވެސް، އޭނައަކީ ދޮގުހަދަން ވަރަށް މޮޅު މީހެއް، ވަޒީފާ ގެއްލުނީމަ އައިރުޅީގަ ކޮންމެވެސް އެއްޗެއް ކިޔަންވެގެން ބުނިއެއްޗަކަށް އެވާނީ….” އައްޔަދު އޭނަގެ އަމިއްލަ ޒަމީރާ ވާހަކަދައްކަމުންދިޔައެވެ.
“މިރޭވެސް އައްޔަދު ލަހުން ކާރެއަކީތަ؟” ކާމޭޒު ދޮށުގައި އިން އާފާގު ސުވާލުކުރިއެވެ.
“ނޫނޭ، ބުނި މިރޭ ކާން އަންނާނަމޭ، އެއްކަލަ ވާހަކަވެސް އައްޔަދު އާއި ދައްކަންވާނެއެއްނު، އައްޔަދު ގެއަށް އައިކަމެއްވެސް އަހަންނަށް ނޭނގޭ، އިށާނަމާދުކޮއްލައިގެން ގޮސް އެކޮޓަރި ދޮރުގައި ހިފާލުމުން ތަޅުލާފަ ހުރީމަ އެނގުނީ ކޮޓަރީގަ އެބައުޅޭކަންވެސް” ޒަރާނާ އާފާގުއަށް ހަނދާންކޮއްދޭފަދަ ގޮތަކަށް ބުނެލިއެވެ.
“އައްޔަދު ހުރީ ވަރަށް ރުޅި ގަދަވެފަ، އެހެންވެ ބޯހަމަޖައްސާލުމަށްޓަކައި އެކަނިވެލަން ބޭނުންވީ ކަންނޭގެ، އަހަރެން އެބަ އަންނަން އައްޔަދު ގޮވައިގެން” އާފާގު ތެދުވަމުން ބުނެލިއެވެ. އެއާއިއެކު ހޫން ލައްވާލި ޒަރާނާ އައްޔަދު ކާން އަންނަންވާއިރަށް މޭޒުމަތީ ތައްޓެއްބެހެއްޓިއެވެ. އަދި އާފާގު އާއި އައްޔަދުއަށް ޖޫސްއަޅާދިނެވެ. އާފާގު ދިޔަތާ ގިނައިރެއްނުވެ ދެބަފައިން އައިސް ކާމޭޒުދޮށުގައި އިށީނދެއްޖެއެވެ.
“ދަރިފުޅު އައިކަމެއްވެސް މަންމައަށް ނޭނގުނު، މިހާރު ކިހިނެއްތިނިންމީ” ޒަރާނާ އައްޔަދުގެ ގާތުން އެހީ ފައުޒީގެ ވާހަކައެވެ.
“އޭނަ އަށް ވަޒީފާއިން ވަކިކުރިކަމުގެ ލިޔުން ދިނީމަ އޭތި އިރާލާފަ ބޮނޑިކޮއްލިގޮތަށް ޖެހީ އަޅުގަނޑުގެ ގައިގާ…މިކަން މިވީ ވާންވީގޮތަށް، ނިމުނީނު އޭނަގެ ކަންތައްވެސް” އައްޔަދު ފޫހިގޮތަކަށް ބުނެލިއެވެ. ޒަރާނާ އާފާގު އާއި އައްޔަދުގެ ތައްޓަށް ކާއެއްޗެހި އަޅާދީފައި ގޮނޑީގައި އިށީނެވެ. އޭނަގެ ވާތްފަރާތުގައި މޭޒުގެ ކޮޅުގައި އާފާގު އިންއިރު އޭނަގެ ކުރިމަތީ އިނީ އައްޔަދުއެވެ. މޭޒުދަށުން އާފާގުގެ ފައިގާ ޒަރާނާގެ ފައިން މަޑުމަޑުން ޖަހާލަމުން ލޮލުގެ އިޝާރާތުން އައްޔަދު އާއި އެމީހުން ދައްކަން ބޭނުންވެފައި ތިބި ވާހަކަދެއްކުމަށް އެދުނެވެ.
“ދަރިފުޅާ، މަންމަ ބުނިކަންނޭގެ ވާހަކައެއްދައްކާލަން ބޭނުންވެގެން އުޅޭވާހަކަ….” އާފާގު ވާހަކަފެށިއެވެ. ނިކަން ފަސޭހައިން އައްޔަދު ހޫންލައްވާލާފައި އާފާގުގެ ވާހަކައަށް ސަމާލުވެލިއެވެ.
“ދަރިފުޅަށް ކޮންމެހެންވެސް މިކަން އެނގިފައޮތުން މުހިއްމު ކަމަކަށްވާތީ މިވާހަކަ ކިޔާދޭން ބޭނުންވަނީ…..ދަރިފުޅުގެ މަންމަ އާއި ބައްޕަ ދިމާވިގޮތުގެ ވާހަކަ ކިޔާދޭން މިއުޅެނީ…” އާފާގު ބުނިއެއްޗަކުން އައްޔަދު ކޮށިއެރިއެވެ. އޭނަގެ މޫނުމަތިން ނުތަނަވަސްކަން ފެނިގެންދިޔައީ އާފާގު ދައްކަން އެއުޅެނީ ފައުޒީބުނި ވާހަކަބާއޭ އައްޔަދުގެ ހިތަށް ވަގުތުންއެރުމުންނެވެ.
“ޖޫސްތަށިން އެތިފޮތެއް ބޯލަބަލަ…” ޒަރާނާ އަވަސް އަވަހަށް އައްޔަދުގެ ކައިރީ ހުރި ޖޫސްތަށި ދިއްކޮއްލިއެވެ. އައްޔަދު އޭގެން ދެތިންކޯވަރު ބޯލުމަށްފަހު ހިންދިރުވާލާފައި ވާހަކަދެއްކިއެވެ.
“މަންމަ އާއި ބައްޕަގެ ލައިފް ސްޓޯރީ އަޅުގަނޑަށް އެނގުން އެހާ މުހިއްމުތަ” އައްޔަދު އޭނަގެ މޫނުމަތިން ހާސްކަން ފޮރުވަމުން ސަމާސާ ރާގެއްގައި ބުނެލިއެވެ.
“އާން ދަރިފުޅާ، މަންމަގެ ދިރިއުޅުމުގައި ދިމާވެފައިވާ ކަންތައްތަކުގެ ސަބަބުން އެކަން ދަރިފުޅަށްވެސް އެނގުން އެހާ މުހިއްމީ، ދަރިފުޅުގެ ބައްޕަ އާއި މަންމަ ދިމާވިއިރު މަންމަ އުޅެނީ އެހެންމީހަކާ އިނދެގެން، މަންމަގެ ތިންކުދިންވެސް ތިބޭ…” ޒަރާނާ ކަންބޮޑުވެފައި އިނދެ ބުނެލިއެވެ. އާފާގު ކާންއިން ސަމްސާ ތަށީތެރޭގައި ބާއްވާލަމުން ޒަރާނާގެ އަތުގައި ހިފާލީ ހިތްވަރުދޭފަދަ ގޮތަކަށެވެ.
ޒަރާނާ ބުނިއެއްޗެއް އަޑުއިވުމާއިއެކު އައްޔަދުއަށް ޒަރާނާ އާއި އާފާގުއަށް ބަލާލެވުނީ ހައިރާންކަމާއިއެކުއެވެ. އެވަގުތު ފައުޒީގެ މަލާމަތްއެކުލެވިގެންވި ބަސްތައް އޭނަގެ ކަންފަތުގައި ގުގުމައިގެންދިޔަ ކަހަލައެވެ. އަވަސް އަވަހަށް އިސްޖަހާލެވުނީ މޫނުމައްޗަށް ވެރިވެގެންދިޔަ ހާސްކަން އޭނަގެ މަންމަ އާއި ބައްޕައަށް ފޮރުވުމަށްޓަކައެވެ. އައްޔަދުގެ މިހަރަކާތުން ޒަރާނާ ކަންބޮޑުވުމާއިއެކު އާފާގުއަށް ބަލާލެވުނެވެ. އެހިނދު އާފާގު ދެލޯމަރާލަމުން ބޯޖަހާލީ ހުރިހާ ކަމެއްވެސް ރަނގަޅުވާނެއޭ ބުނާފަދަގޮތަކަށެވެ.
“ދަރިފުޅު، އައްޔަދު…މިކަން ދަރިފުޅަށް ސިއްރުކުރަންވެގެންނެއްނޫން މިހާ ދުވަސްވަންދެން މިކަމާބެހޭ އެއްވެސް ވާހަކައެއް ނުދައްކާ ބައްޕަމެންތިބީ، ފަހަރެއްގަ މިއަށްވުރެ އަވަހަށް ކިޔާދިންނަމަ ދަރިފުޅުގެ ޅަކަމާއިއެކު މިކަން ވިސްނައިގަތުން ފަސޭހަކަމަކަށްނުވާނެކަންނޭގެ، އަނެއްކާ ދަރިފުޅު އުމުރުގެ ގިނަދުވަސްތަކެއް ވޭތުކޮއްފައިވަނީ ރާއްޖޭން ބޭރުގައި، އެހެންވެ މިފަދަ ދުވަހަކާ ކުރިމަތިލުމަކީ ދުރުކަމެއްކަން ވިސްނޭތީވެ އެވާހަކަތައް މިހާތަނަށްވެސް ފަސްކޮއްލެވުނީ، އެކަމަކު ހާލަތު ނިޔާކުރިގޮތުން މިވާހަކަތައް ދަރިފުޅަށް ކިޔާދޭން އެބަޖެހޭ….” އާފާގު ޒަރާނާގެ އަތްތިލައިގެ މަތީ އޭނަގެ އަތްތިލަ ބާއްވާލައިގެން އިނދެ ވާހަކަދައްކަމުންދިޔައެވެ.
އައްޔަދު އެއްވެސް އެއްޗެއް ނުބުނެއިނދެ ތައްޓަށް ފުނޑުވާފައިވާ ރޮށިތަކުގެ މައްޗަށް ރިހައިގެ ސަމްސަލަކަށްފަހު ސަމްސަލެއް އަޅަމުންދިޔައެވެ. ހުއްޓުމެއްނެތިއެވެ. ކުއްލިއަކަށް އާފާގު އައްޔަދުގެ އަތުގައި ހިފެހެއްޓުމުން ސިހިފައި އޭނަ އާފާގުއަށް ބަލާލިއެވެ. އޭނައަށް އާފާގުގެ އަޑުއިވުނީ ދެނެވެ. އޭގެކުރިން އޭނަވަށާލާފައިވަނީ ފައުޒީގެ އަޑުންނެވެ.
“ދަރިފުޅާ….” ޒަރާނާ އައްޔަދުއަށް ގޮވާލީ ރޮވިފައި ކަހަލަގޮތަކަށެވެ. ހަމައެވަގުތު އައްޔަދު ޒަރާނާ އާއި ސުވާލުކުރިއެވެ.
“ޒައުލް އަކީ ކާކު؟” އައްޔަދު ޒަރާނާއަށް ބަލާލަމުން ސުވާލުކުރިއެވެ. އެސުވާލުން ޒަރާނާއަށް ސިހުންގެނުވިއެވެ. އައްޔަދުއަށް އޭނަ ކިޔާދޭން އެއުޅެނީ އެވާހަކައެވެ. އެކަމަކު ޒައުލްގެ ނަންނުގަނެވެނިސް އައްޔަދުއަށް އެކަން އެނގުނީ ކިހިނެއްބާއޭ ޒަރާނާގެ ހިތަށްއެރިއެވެ. އާފާގުއަށް އެއްފަހަރު ޒަރާނާއަށް އަނެއްފަހަރު އައްޔަދުއަށް ބަލާލެވުނެވެ.
“ޒައުލް…އެއީ…އެއީ ދަރިފުޅުގެ ބޭބެ” ޒަރާނާ ނޭވާ ހިފަހައްޓައިލައިގެން އިންފަދަ ގޮތަކަށް ބުނެލިއެވެ. އެހިނދު އޭނައަށް ބަލަހައްޓައިގެން ޖަވާބެއްގެ އިންތިޒާރުގައި އިން އައްޔަދުގެ މޫނު ހުދުވެގެންދިޔަތަން ފެނުނެވެ. އިރުކޮޅެއްގެ ހިމޭންކަމަކަށްފަހު އަނެއްކާވެސް އައްޔަދު އޭނަގެ ސުވާލު ތަކުރާރުކޮއްލިއެވެ. ޒަރާނާގެ ޖަވާބު އަދިއެއްފަހަރު އަޑުއަހާލަން ނޫނީ އޭނަ އަށް އަޑުއިވުނީ ރަނގަޅަށްތޯ ޔަގީންކުރަން ބޭނުންވީއެވެ.
“ޒައުލް އެއީ ދަރިފުޅުގެ ބޭބެ، ހަމައެގޮތަށް ދަރިފުޅުގެ ދެދައްތަވެސް ހުންނާނެ، އެތިންކުދިންނަކީވެސް ދަރިފުޅާ އެއްބަނޑުކުދިން، މަންސޫރަށް ބައްޕަކިޔާ ތިންކުދިން….” އާފާގުގެ ވާހަކަ ނުނިމެނިސް އައްޔަދު އިންގޮނޑި ފަހަތަށް ދަމާލިއަޑުއިވުނެވެ. އާފާގު އައްޔަދުގެ އަތުގައި އަތްޖައްސާލަން އުޅުމުންވެސް ގަޔާދުރަށް ދެއަތްފުޅާކޮއްލަމުން ދެއަތްތިލައިން އެވަގުތު އޭނަގެ ގައިގާ އަތްނުލުމަށް ބުނާފަދަ ގޮތަކަށް އަތުން އިޝާރާތްކޮއްލިއެވެ. އަދި އަވަސް އަވަހަށް އެތަނުން ނުކުމެގެން އައްޔަދު ހިނގައްޖެއެވެ.
“އާފާގު…” ޒަރާނާއަށް ބުނެލެވުނެވެ.
“އޭނައަށް ވަގުތު ބޭނުންވާނެ” އާފާގު ޒަރާނާގެ ދެއަތްތިލާގައި ހިފާ މަޑުމަޑުން ބާރުކޮއްލަމުން ބުނެލިއެވެ. އަވަސް އަވަހަށް ޒަރާނާ ބޯޖަހާލިއެވެ.
“އެކަމަކު އެދިޔައީ ނުވެސް ކައި، ހަވީރު ސައިބުއިކަމެއްވެސް ނޭނގެ” ޒަރާނާ ކަންބޮޑުވެފައި ބުނެލިއެވެ.
“ތަންކޮޅެއްފަހުން އައްޔަދު ހަމަޖެހޭހާ އިރުން އަހަރެން ދާނަން އޭނަ އާއި ވާހަކަ ދައްކާލަން، އޭރުން ހަމައަކަށް އެޅިގެން ކާންވެސް އަތުވެދާނެ” އާފާގު ޒަރާނާއަށް ލިބެމުންދިޔަ ހާސްކަމާއި ކަންބޮޑުވުން ކުޑަކުރެވޭތޯ މަސައްކަތްކުރިއެވެ.
ރިންގުވަމުންދިޔަ ފޯނަށް ޔޫހާ ބަލާލިއެވެ. ނަމަވެސް ރިންގު ކަނޑާލުމަށްފަހު އަތުގެތެރޭ ފޯނު ތަޅުވާލަ ތަޅުވާލަ އިނީ ދެހިޔާލެއްގައެވެ. އެފޯނު ކޯލު ނަގާނީ ބާއޭ ނުނީ ނުނަގާނީބާއޭ ހިތަށް އަރާފައެވެ. ޝަފަގުގެ ފޯނުކޯލުތަކަށް ސަމާލުކަމެއް ނުދިނުމަށް އޭނަ މަސައްކަތްކުރާތާ ދެތިންދުވަސްވެއްޖެއެވެ. ކައިވެނި ކުރަން އުޅޭވާހަކަ އާއިލާއަށް ލިބުމުން ދެންވާނެ ގޮތަކާއިމެދު އެކިހިޔާލުތައް ޔޫހާއަށް ކުރެވެނީއެވެ. ރަނގަޅު އެއްގޮތްވެސް އޭނައަށް ނުވިސްނެއެވެ. އެކަމާ ގުޅިގެން ޝާއިންގެ ހިޔާލެއް ހޯދުމަށްވެސް އޭނަ ބޭނުމެއްނުވެއެވެ. ޔޫހާގެ އާއިލާގެ ވާހަކަ ޒައުލް އާއި ޙިއްޞާކުރުމަށްވެސް އޭނަ ބޭނުމެއްނުވެއެވެ. އެނދުގައި އިށީނދެލައިގެން އިން ޔޫހާއަށް ކިޔާން ނިދުމުން ކުރާނެއިތުރުކަމެއް ނެތުމާއިއެކު އޭނަގެ ފިކުރުތަކުގެތެރެއަށް ގެބެމުންދިޔައެވެ. އަމިއްލަ ޒަމީރާއެކު ނިންމުންތައް ނިންމުމާއިއެކު އަމިއްލަ ޒަމީރާ ދެބަސްވަމުން ދިޔައީ ހިމޭންކަމާއިއެކުއެވެ. ހިތުގެ ދުލުންނެވެ. ކޮޓަރިއަށް ވަދެގެން އައި އަފްލީން ފެނުނީވެސް އޭނަ އައިސް ޔޫހާގެ ކޮނޑުގައި ޖަހާލިފަހުންނެވެ.
“ކޮންކަމަކަށް ގެއްލިފަތިއިނީ، ގޮވާލިމަ އަޑުވެސް ނީވުނު” އަފްލީނަށް އެގަޑީގައި ކިޔާން އޮންނާނީ ނިދާފައިކަން އެނގޭތީވެ ވާހަކަދެއްކީ ވަރަށް މަޑުމަޑުންނެވެ. އަދި ޔޫހާގެ ކައިރީ އެނދުގައި އީށީނީވެސް އަޑެއްކިޔާފާނެތީ ވަރަށް ބަލައިގެންނެެވެ.
“ކިހިނެއްވީ ކުއްލިއަކަށް މިގަޑީގަ ތިއައީ، މީ އާމުކޮށް އަފޫ ފޭސްބުކްގަ އުޅޭގަޑިއެއްނު” ޔޫހާ ސުވާލުގެ ނަޒަރަކުން އަފްލީނަށް ބަލާލިއެވެ.
“ދޮންބެގެ ގާލްފްރެންޑް ގޮވައިގެން އައިސް އެބައިން ސިޓިން ރޫމުގަ، އަހަރެންވެސް ކޮޓަރީގަ އޮއްވަ ދޮންބެ ގޮވާފަ ބުނީ ކުޑަވަގުތުކޮޅަކަށް ސިޓުން ރޫމަށް ނުކުމެދިނުމަށް….ރީތި ކުއްޖެއް، އެކަމަކު ޔޫހާ އޭނަ އާއި ވާހަކަދައްކަންޖެހޭނީ އިސްނަގައިގެން ހުރެ، ވަރަށް ދިގު، އަހަންނަށް ހީވަނީ ދޮންބެއަށްވުރެވެސް ކުޑަތަންކޮޅެއް އޭނަ ދިގުހެން، ބަލާބެލުމަށް ފޮނިގޮތެއް ހުއްޓަސް ވާހަކަދައްކާއިރު އެގޮތެއް ނުހުރޭ، މުއްސަނދި ގެއެއްގެ ކުއްޖެއްހެން ހީވަނީ…” އަފްލީންގެ ވާހަކަ ނުނިމެނިސް ޔޫހާ ވާހަކަދެއްކިއެވެ.
“ދެން އެހެނޭ ކިޔާފަ އަހަރެން ކޮއްދެންވީ ކޮންކަމެއް، އަފޫއެއްނު އޭނައަށް ވެލްކަމް ކިޔާނީ” މިހެން ބުނެ ޔޫހާ ކުޑަކޮށް އަފްލީނާ ދިމާލަށް އެނބުރިލަމުން ހިނިތުންވެލިއެވެ.
“އޯ ކަމޯން ޔޫހާ، ތީވެސް މިއާއިލާގެ މީހެއްނު، އެނގޭތަ، ދޮންބެ އަމިއްލައަށޭ ބުނީ ޔޫހާއަށް ގޮވުމަށް، ހިނގާބަލަ ކޮޓަރިން ބޭރަށް” އަފްލީން ތެދުވެ ޔޫހާގެ އަތުގައި ހިފާ ދަމާލިއެވެ. ޔޫހާ ހީނލާފައި ތެދުވެގެން އަފްލީނާއިއެކު ކޮޓަރިން ނުކުތެވެ. ސިޓިން ރޫމު ސޯފާގައި އިށީނދެލައިގެން އިން ހިމަތޮޅި އަންހެން ކުއްޖާފެނުމުން ޔޫހާއަށް އަފްލީން ބުނީތެދެއްކަން އެނގުނެވެ. ޝާއިން ހިނިއައިސްފައި ސޯފާއިން ތެދުވުމާއިއެކު އެއަންހެން ކުއްޖާވެސް ތެދުވެ ޔޫހާއަށް ހިނިތުންވެލިއެވެ.
“ޔޫހާ، މީ ރޮޒޭން….ރޮޒޭން މީ ޔޫހާ” ޝާއިން ޔޫހާ އާއި ރޮޒޭން ތައާރަފްކޮއްދިނެވެ. އެއާއިއެކު ދެމީހުންވެސް އެކަކު އަނެކަކާ ހިނިތުންވުމެއް ބަދަލުކޮއްލިއެވެ. ޔޫހާއަށްވެސް ފުރަތަމަ ފެނުލުމުން ބުނާނެ އެއްޗެއް ނޭނގުނީއެވެ. އޭނަގެ ގާތުގައި އަފްލީން ހިނިއައިސްފައި ރޮޒޭންއަށް ބަލަހައްޓައިގެން ހުއްޓެވެ. އެހެންވެ ކަންނޭގެއެވެ. ރޮޒޭންގެ މޫނުމަތިން ފެންނަނީ ލަދުވެތިކަމެވެ.
“މި ނިމުނީ އަހަރެންގެ ފެމެލީ، ދެން ނޫޅޭނެ އިތުރު މީހަކު….ނޫނޭ އަދި އުޅޭނެ އެކަކު، މިވަގުތު އޮތީ ނިދާފަ، ވަރަށް ރައްޓެހިވާނެ މީހުންނާ ހަމައެހާމެ ހަލަނިވެސް ވާނެ، ހޭލާ ހުރިނަމަ މިގެ މިހާ ހަމަހިމޭންކޮށެއް ނޯންނާނެ” ޝާއިން ކުޑަކޮށް ހީނލިއެވެ. ރޮޒޭން ސުވާލުން ފުރިގެންވި ނަޒަރަކުން ޝާއިންއަށް ބަލާލިއެވެ.
“އެދައްކަނީ އަހަރެންގެ ދަރިފުޅުގެ ވާހަކަ” ޔޫހާވެސް ޝާއިން އާއިއެކު ހީނލާފައި ރޮޒޭނަށް ބަލާލަމުން ބުނެލިއެވެ. އެހިނދު ރޮޒޭންގެ ތުންފަތަށްވެސް ހިނިތުންވުން ވެރިވެގެންދިޔައެވެ.
“ކުރިން ފެނިފަ ހުރިހެން ހާދަ ހީވެޔޭ، ބައްދުވިތަ އެއްވެސްތާކުން…” ރޮޒޭން ޔޫހާއަށް ބަލާލަމުން ޔަގީންނުވާފަދަ ގޮތަކަށް އަހާލިއެވެ. ޔޫހާ ވިސްނާލުމާއިއެކު ދެފަރާތަށް ބޯހޫރުވާލިއެވެ.
“މިގެއަށް އައި ފުރަތަމަ ފަހަރު ދާންވާނީ ކޮންމެވެސް އެއްޗެއް ބޯލައިގެން، ކޮފީ ހަދައިދެން، ނޫނީ ސޮފްޓް ޑްރިންކެއްވެސް ގެނެވިދާނެ…” ޔޫހާގެ އަޑުގައި ހުރި ގާތްކަން ރޮޒޭނަށް އިޙްސާސްކުރެވިގެންދިޔައެވެ.
“ރެޑްބުލް އެންޑް ސްނެކްސް ދޯ” ޔޫހާގެ ކޮނޑުގައި އެލެމުން ކަހަލަގޮތަކަށް އަފްލީން ރޮޒޭނަށް ބުނެލިއެވެ.
“ނޫނޭ، ކޮފީއެއް އޯކޭވާނެ” ރޮޒޭންވެސް މާހައުލަށް ހޭނެން މަސައްކަތްކުރަމުން ބުނެލިއެވެ. އަދިވެސް އޭނަގެ ސިކުނޑި ބުނަމުންދިޔައީ ޔޫހާ އާއި މީގެ ކުރިންވެސް ބައްދަލުވެފައިވާކަމަށެވެ. ޔޫހާ ބަދިގެފަރާތަށް ދިއުމާއިއެކު އޭނަގެ ފަހަތުން އަފްލީންވެސް ދިޔައެވެ.
ސިޓިން ރޫމުގައި ހުރި ސޯފާގޮނޑިތަކުގައި އެންމެން އިށީނދެ ކޮފީ ބޮމުންދިޔައިރު މެދުގައި ހުރި ކުޑަމޭޒުމަތީ ތަފާތު ވައްތަރުގެ ބިސްކޯދު އަޅާފައި ހުރި ތައްޓެއްހުއްޓެވެ. ދޭތެރެއަކުން އެތަށީން ބިސްކޯދެއް ކޮންމެ މީހަކު ނަގައެވެ. ރޮޒޭންއަށް ޝާއިންގެ އާއިލާ ވަރަށް ކަމުދިޔައެވެ. ހީކުރިވަރަށްވުރެ ކުޑަވިޔަސް އުފާވެރިކަމާއި ހިތްހެޔޮ ރަޙުމަތްތެރިކަން އޭނައަށް ފެނިގެންދިޔައެވެ. އަފްލީނާއި ޔޫހާގެ ގާތްކަން ފެނިފައި އޭނަ އެގެއަށް އަންނަހިތްވިއެވެ.
ކުއްލިއަކަށް އެންމެންގެ ނަޒަރުގޮސް ހުއްޓުނީ ސިޓިން ރޫމު ދޮރުމަތީ މަޑުކޮއްލި ޒުވާނާއަށެވެ. ރޮޒޭނަށް ހިފަހައްޓައިގެން އިން ކޮފީ މަގުގައި ދެއަތުން ހިފާ ބާރުކޮއްލެވުނެވެ. ވަކިން އިން ގޮނޑީގައި އިށީނދެ އިން ޔޫހާ ވަގުތުން ތެދުވިއެވެ. ދޮރުމަތީ ހުރީ ޒައުލްއެވެ. އޭނަގެ ނަޒަރު ހުއްޓިފައިވަނީ ޝާއިންގެ ގާތުގައި އިން ރޮޒޭންއަށެވެ. އޭނަގެ ކޮއްކޮ އީލާކްގެ ރަޙުމަތްތެރިއެއްކަން ޒައުލްއަށް އެނގުނެވެ.
“ޝާއިން…” ޔޫހާ ޝާއިންއަށް ބަލާލުމާއިއެކުހެން އޭނަ ބުނަންއުޅުނު އެއްޗެއް ޝާއިންއަށް ވިސްނުނުކަހަލައެވެ. ޔޫހާ އޭނަގެ ކޮޓަރިއަށް ވަނުމަށް ހިނގައިގަތަވެ. ސިޓިން ރޫމު ދޮރުމަތީހުރި ޒައުލްވެސް ހަލުވިކަމާއިއެކު އައިސް ޔޫހާގެ ފަހަތުން އެކޮޓަރިއަށް ވަނެވެ.
“ހަނދާންވެއްޖެ….ޔޫހާ ފެނުނީ ކޮންތާކުންކަން، ވަރަށް ތަފާތު އެފަހަރު ފެނުނުއިރު، އެހެންވެ ނޭނގުނީ، ޒައުލް އާއިއެކު އޭނަގެ ދައްތަގެ ވެޑިން ޕާޓީއަށް ޔޫހާ ދިޔަދޯ، ޝާއިންވެސް ދިޔައީމެންނު އަހަންނާއިއެކު” ޒައުލް އާއި ޔޫހާ ކޮޓަރިއަށްވަނުމާއިއެކު ރޮޒޭން ޝާއިންއަށް ބުނެލިއެވެ.
ކޮޓަރީގައި ހުރި ގޮނޑިއަށް ހަށިގަނޑު ދޫކޮއްލައިގެން ސީލިންގާއި ދިމާލަށް ނަޒަރު ހުއްޓާލައިގެން އައްޔަދު އިނެވެ. ދޭތެރެއަކުން ނިތުގައި މުއްކަވާލާފައިވާ އަތުން ޖަހާލައެވެ. ދޮރުގައި ޓަކިދިން އަޑާއިއެކު ޒަރާނާ ގޮވާލިއަޑުއިވުނެވެ. ނަމަވެސް އައްޔަދުއަށް އެއަޑުއިވުނު ހެނެއްހިޔެއްނުވެއެވެ.
“އައްޔަދު ދޮރުހުޅުވަބަލަ، މަންމަ އާއި ވާހަކަދައްކަބަލަ، ތިހެން ދޮރުތަޅުލައިގެން އެކަނިއޮތުމަކުން ދަރިފުޅު އަހަންބޭނުންވާ ސުވާލުތަކުގެ ޖަވާބެއް ނުލިބޭނެ، މަންމައަށް އެނގޭ ދަރިފުޅު ވަރަށް ގިނަ ސުވާލުކުރަން ބޭނުންވާނެކަން، މަންމަ މިހިރީ ދަރިފުޅުގެ ކޮންމެ ސުވާލަކަށްވެސް ޖަވާބު ދޭގޮތަށް، އައްޔަދު، އާދޭސްކޮއްފަ މިބުނަނީ، މި ދޮރުހުޅުވަބަލަ، ދަރިފުޅަކީ ތިހެން އުޅޭ ކުއްޖެއްނޫނެއްނު، މަންމަދެކެ އެހާ ގިނައިރު ރުޅިއައިސްފަ ނުހުންނަމެއްނު…” ޒަރާނާއަށް ރޮވިއްޖެއެވެ. ފުންނޭވާއެއް ބޭރުކޮއްލި އައްޔަދު ގޮނޑިން ތެދުވެގެން އައިސް ކޮޓަރީގެ ދޮރުހުޅުވިއެވެ. މަންމަގެ ރުއިމުގެ އަޑުއިވުނުހެން ހީވުމާއިއެކު އެނޫންގޮތެއް ނެތިގެން ކަހަލަ ގޮތަކަށެެވެ.
“އަޅުގަނޑު މަންމަދެކެ ރުޅިއެއްނާންނަން، އެކަމަކު ކުރިން އެނގުނު ނަމައޭ ހިތަށް އަރާ…މަންމަ ނުރޮއެ ހުއްޓާލާ، އަޅުގަނޑު ދޮރުވެސް މިހުޅުވީނު” ދޮރުމަތީ ރޯންހުރި ޒަރާނާގެ ކޮނޑުގައި ހިފާ ގާތްކޮއްލަމުން އައްޔަދު ބުންޏެވެ. އަދި ޒަރާނާ ގޮވައިގެން އޭނަގެ ކޮޓަރިއަށްވަދެ އެނދުގައި ބޭންދިއެވެ. ފުރޮޅުލާފައި ހުރި ގޮނޑީގައި ހިފާ ދަމާލަމުން އައްޔަދު ޒަރާނާ އާއި ކުރިމަތިވާގޮތަށް ގޮނޑީގައި އިށީނދެ ޒަރާނާގެ ދެއަތްތިލާގައި ހިފާލިއެވެ.
“މަންމައަށް މާފުކޮއްދީ” ކަރުނުން ފުރިފައިވާ ދެލޮލާއިއެކު އައްޔަދުއަށް ބަލާލަމުން ޒަރާނާ ބުންޏެވެ.
“މަންމަ މާފަށްއެދޭވަރުގެ ކަމެއް ނުކުރަމެއްނު، މަންމާ…ޒައުލްއަށް އެނގޭތަ އަޅުގަނޑުމީ އޭނަގެ ކޮއްކޮކަން” އައްޔަދު އެއްއަތުން ޒަރާނާގެ ތެމެމުންދިޔަ ކޯތާފަތް ފޮހެލަދެމުން އަހާލިއެވެ. ޒަރާނާ މަޑުމަޑުން ދެފަރާތަށް ބޯހޫރުވާލިއެވެ.
“ކީއްވެ، އެމީހުންނަށްވެސް އެނގެން ޖެހޭނެއެއްނު” އައްޔަދު ބުންޏެވެ.
“އެނގެންޖެހޭނެ، އެކަމަކު އަންގާނީ ކާކު، ހުދު މަންމަ އާއިވެސް އެމީހުންނާ ގުޅުމެއްނޯވޭ، އެކުދިން….” ޒަރާނާ އޭނަގެ ދެލޯ ފޮހެލާފައި ފުންނޭވާއެއްލުމާއިއެކު މަންސޫރު އާއި އޭނަގެ ދިރިއުޅުމުގެ ވާހަކަތައް އައްޔަދުއަށް ކިޔާދިނެވެ.
“ޔޫހާ އާއި ކައިވެނިކުރަން ޒައުލް އުޅޭކަން މަންމައަށް އެނގޭތަ، ނޫނީ އެދުވަހު ޒައުލް ބުނީމަތަ މަންމައަށް އެނގުނީ، އެކަމަކު ޒައުލް ޔޫހާ އާއި ކައިވެނި ކުރަނީ ކީއްވެކަމެއް އަޅުގަނޑަކަށް ނުވިސްނުނު، ޔޫހާ އަކީ އޭނަ ކަހަލަ ފައިސާވެރިއެއްވެސް ނޫން…” އައްޔަދު ސުވާލުގެ ނަޒަރަކުން ޒަރާނާއަށް ބަލާލިއެވެ.
“ޔޫހާ ކައިވެނި ކުރަން ރަންކިޔައިފިކަން އެނގުނީ އެދުވަހު މަގުމަތީގަ ހުރެފަ ޒައުލް އެހެންބުނުމުން، އޭގެކުރިން އެކުދިންގެ އެއްވެސް ޚަބަރެއް މަންމައަކަށް ނުލިބޭ، ދަރިފުޅުމެންގެ ތެރެއިން އެންމެ ދޮށީ ދައްތަގެ ކައިވެނި ކުރެވުނުކަމުގެ ޚަބަރުވެސް ލިބުނީ އާމުމީހުންނަށް ލިބުނުފަދައިން، ނޫސްތަކުންނާއި މީސްމީހުންގެ ދޫތަކުން އެވާހަކަ ދައްކަމުން ގޮސް މަންމަގެ ކަންފަތާ ހަމަޔަށްވެސް ފޯރީ….ޒައުލް ޔޫހާ އާއި ކައިވެނި ކުރަން އެއުޅެނީ ކޮންބޭނުމަކު ކަމެއް ނޭނގެ، އެކަމަކު ޔަގީންވާ އެއްކަމެއް އެބައޮތް، ޒައުލްގެ މާމަ ޔޫހާ ފަދަ އަންހެން ކުއްޖަކާ ޒައުލް ކައިވެނިކުރާކަށް ގަބޫލެއްނުވާނެ، މަންމަ ދަރިފުޅުގެ ބައްޕަ އާއި ގުޅެން ޖެހުނު އެންމެ ބޮޑު ސަބަބަކީވެސް އެއީ، މަންމަގެ ކުދިންނާ ވަކިވާން ޖެހުނީވެސް އޭނަ އާއި ހެދި….އަހަންނަށް ވީފަދަ ގޮތެއް ޔޫހާއަށް ވާކަށް ނޭދެން، އައްޔަދު، މަންމަ އެދުވަހުއްސުރެ ދަރިފުޅާ ކުރަން ބޭނުންވި ސުވާލެއް މީ…..އަނެއްކާ ދަރިފުޅަށް އެނގޭތަ ޔޫހާ އާއި ޒައުލްގެ ގުޅުމެއް އޮތްކަން، އެހެންވެ އެދެމެދަށް ވަންނަންތަ ދަރިފުޅު މަސައްކަތް ކުރީ” ޒަރާނާ ކުޑަކޮށް އައްޔަދުގެ އަތުގައި ހިފައިގެން އިނދެ ތަޅުވާލަމުން އެންމެ ފަހުން ކުރި ސުވާލު ފުރިހަމަކޮއްލިއެވެ.
“ކޮންމެވެސް ވަރަކަށް އެނގޭ، ޔަގީނެއްނޫން އެދެމީހުން ގުޅުނުކަމެއް….އެދެމީހުންގެ ވާހަކަތައް ކޮންމެވެސްވަރަކަށް ފައުޒީގެ ފަރާތުން އަޑުއިވިފަ ވަނީ، މަންމާ، އަޅުގަނޑުވެސް ބޭނުމެއްނޫން ޔޫހާއަށް ޒައުލް ދެރައެއްދޭކަށް” އައްޔަދު ބުނެލިއެވެ.
އައްޔަދު ބުނިއެއްޗަކާއިމެދު ޒަރާނާ ވިސްނާލިއެވެ. އެހެންނަމަވެސް އަދިވެސް އޭނަ އެނގެން ބޭނުންވާ ކަމެއް އެބައޮތެވެ. އައްޔަދުގެ ފަރާތުން އޭނައަށް އެކަން ޔަގީންވާންޖެހެއެވެ. އައްޔަދުފަދައިން ޒައުލްއަކީވެސް އޭނަގެ ދަރިއަކަށްވާތީއެވެ.
“ދަރިފުޅު ޔޫހާދެކެ އެއްވެސް ވަރަކަށް ލޯބިވޭތަ، އޭނައަށް ގުޅެން ނިންމި ނިންމުމަކީ ދަރިފުޅު ބޭނުންވެގެން ނިންމި ނިންމުމެއްތަ” ޒަރާނާގެ މޫނުމައްޗަށް އެތަށްކުލައެއް އަރާ ފައިބަމުންދިޔައެވެ.
“ނޫން…އަޅުގަނޑަށް ޔޫހާ ކަމުދިޔަ އޭނަ އާއި ވަރަށް ގަޔާވެވުނު، ކުރިން ލޯބިވެވެނީ ކަމުގައި ހީކުރެވުނަސް މިހާރު އެނގިއްޖެ އެއީ އަދި ލޯތްބެއް ނޫންކަން، ޔޫހާވެސް ބޭނުމެއްނުވޭ ޒައުލް ނޫން މީހަކާ ގުޅޭކަށް، އެކަމާ އަޅުގަނޑު ފާޑުކިޔާކަށްނެތިން، ޔޫހާ އުފާވާކަމަކަށް ވަންޏާ އެކަމަކަށް ހުރަސް އެޅުމުގެ ބޭނުމެއްނެތް….މަންމާ….އަޅުގަނޑަށް ހީވަނީ ޔޫހާ ވަރަށް ވިސްނާފަހެން ޒައުލް އާއި ކައިވެނި ކުރަން އެނިންމީ، ޔޫހާގެ ވާހަކަތަކުން އަޅުގަނޑަށް އެނގުނު ގޮތުގައި އޭނަ ޒައުލްއަށް އިތުބާރުކުރޭ، ކީއްވެކަމެއް ނުވިސްނުނު، އެވަގުތު ގަބޫލުކުރަންވެސް ދަތިވި….” މިހެންބުނެ އައްޔަދު ފުންނޭވާއެއް ބޭރުކޮއްލުމާއިއެކު އިސްޖަހާލިއެވެ.
“ޔޫހާގެ ދިރިއުޅުމުގެ ތެރެއަށް އަހަރުމެން ނުވަނުން އެންމެ ރަނގަޅުވާނީ…ދަރިފުޅާ، ކޮންމެވެސް އެއްޗެއް ކާލަންވީނު، މަންމަ ހުންނާނެ ދަރިފުޅަށް އެއްޗެހި ނަގާފަ” ޒަރާނާ އައްޔަދުގެ އަތުގައި އަތްޖައްސާލަމުން ބުނެލިއެވެ.
ކޮޓަރިތެރެއަށް ވަތް ޒައުލް އެނދުގައި ނިދާފައި އޮތް ކިޔާންއަށް ބަލާލިއެވެ. އަދި އެއްމިޔަކަނިން ހިނިތުންވެލެވުނީ އޭނަގެ ސިކުނޑީގައި އެދަރިފުޅުގެ ސަމާސާ ހަރަކާތްތައް ބިންވަޅުނެގިފައިވާތީއެވެ. އެހެންނަމަވެސް އެނދުގައި އިށީނުމާއިއެކު އޭނަގެ މޫނުމައްޗަށް ހާސްކަންވެރިވެގެން ދިޔަތަން ޔޫހާއަށްވެސް ފެނުނެވެ.
“ކަމެއް ގޯސްވީތަ؟” އެނދުގައި އިން ޒައުލްގެ ކުރިމައްޗަށްވާގޮތަށް އޭނާ އާއި ދެތިންފިޔަޅު ދުރުގައި ހުރި ޔޫހާ އަހާލިއެވެ.
“އެންމެން ބޭނުންވަނީ އަހަރެން އެސްތާ އާއި ކައިވެނިކުރަން، މާދަމާ ކޯޓަށް ދާންވެސް ޖެހޭ، ދެދުވަހެއްގެ ތެރޭ އަހަރުމެންގެ ކައިވެނި ކުރެވޭނެކަމަށްވަނީ…ޔޫހާ….ކޮންމެ ހާލެއްގަވެސް އަހަންނާއިއެކު އުޅޭނަންތަ؟” ޒައުލް ޔޫހާއަށް ފުންނަޒަރަކުން ބަލާލިއެވެ. އާއެކޭ ބުނުމުގެ ގޮތުން ޔޫހާ އަވަސް އަވަހަށް ބޯޖަހާލިއެވެ.
“ދެއަންބަށްވިޔަސްތަ” ޔޫހާ ބޯޖަހާލުމާއިއެކު ޒައުލް ބުންޏެވެ. އެހިނދު ޔޫހާއަށް ހުއްޓުމެއް އައިއެވެ. މޫނުމަތިން އެއްވެސް އަސަރެއް ނުފެނުނެވެ. ޔޫހާއަށް ބަލަހައްޓައިގެން އިން ޒައުލް ތެދުވެއްޖެއެވެ. މަޑުމަޑުން ހިނގާލާފައި އައިސް ޔޫހާގެ ގާތުގައި މަޑުކޮއްލައިފިއެވެ. ޒައުލް ބުނިއެއްޗެއް ޔޫހާއަށް ސާފުކޮށްއިވުނެވެ. ނަމަވެސް ޒައުލް ޔޫހާއަށް ދެވަނަ އަންބެއްގެ މަގާމުދޭން ގަސްދުކޮއްފާނެއެކޭ އޭނަ ހިތަކަށް ނާރައެވެ. ދޭނެ ޖަވާބެއް އޭނައަކަށް ނޭނގުނެވެ. އެސްފިޔަތައް ތިރިކޮއްލުމާއިއެކު ޒައުލް އާއި ދުރަށް ޖެހިލުމަށް އޭނަ އެނބުރުނެވެ.
“ޔޫހާ، އަހަންނަށް ޖަވާބެއް ނުދޭނަންތަ” ޒައުލް ޔޫހާ އެނބުރުނު ދިމާލަށް ފިޔަވަޅެއް އަޅާލުމާއިއެކު ބުނެލިއެވެ. އޭނަ ބޭނުންވަނީ ޔޫހާ އޭނަ އާއި ކުރިމަތިލައިގެން ހުރެ ޖަވާބެއް ދިނުމަށެވެ.
“ޒައުލްއަށް ދެއަންބިން ގެންގުޅެވޭނެތަ” އިސްއޮބާލައިގެން ހުރި ޔޫހާ ޖަވާބު ދިނުމުގެ ބަދަލުގައި ކުރީ ސުވާލެކެވެ.
“ކީއްވެ ނުބެލެންވީ، އަހަރެންގެ އަތުގަ ފައިސާ އެބަހުރި، ދެއަންބިންވެސް އުފަލުގަ ގެންގުޅެވިދާނެ” ޒައުލް ދެބުމަށް ކައިރިކޮއްލަމުން ކުރިއަށްވުރެވެސް ބޮޑަށް ޔޫހާގެ މޫނަށް ނަޒަރު ހިންގާލިއެވެ.
“އަހަންނަށް އެނގޭ ޒައުލްއަށް ފައިސާ ހަރަދުކުރެވިދާނެކަން، އަހަރެން އެނގެން ބޭނުންވަނީ ޒައުލްއަށް ދެއަނބިންނަށް އެއްވަރަށް ލޯބިދެވިދާނެތޯ، ޒައުލް އަހަންނާ ކައިވެނި ކުރާއިރު އަހަރެންގެ ދަރިއަކުވެސް އެބަހުރި، އެދަރިފުޅަށް ބައްޕައެއްގެ ލޯބިވެސް ދޭންޖެހޭނެ….އެންމެ ޒިންމާއެއްނޫން ޒައުލްގެ ބޮލުގައި އޭރުން އެއެޅެނީކީ…ބުނެބަލަ، ޒައުލް އާއިއެކު އުޅެން ދައަނބިން ގަބޫލުނުވެއްޖެއްޔާ ދެން ހަދާނީ ކިހިނެއް” ޔޫހާ އޭނަގެ ހިތާ ސިކުނޑިއަށް ވެރިވަމުންދިޔަ އިޙްސާސްތައް ކޮންޓްރޯލު ކުރާ ހާލުގައި ބުނެލިއެވެ.
“އަހަރެން ދެއަނބިންނަށްވެސް ހަމަހަމައަށް ލޯބިދޭނަން، އަދި ކިޔާންއަކީ ހަމައެކަނި ޔޫހާގެ ދަރިއެއްނޫން، އެއީ އަހަރެންގެވެސް ދަރިއެއް، ދެއަނބިން ހިތްހަމަނުޖެހުނަސް ދެމީހުން ޖެހޭނީ އެކުގައި އުޅެންމަސައްކަތް ކުރަން، އަހަންނަށް ޔަގީންވޭ ޔޫހާ އާއި މައްސަލައެއް ނުޖެހޭނެކަން އެހެން އަންހެނަކާ، އަމިއްލަ ނަފްސަށްވުރެވެސް ބޮޑަށް އެހެންމީހުންނާއިމެދު ވިސްނާމީހެއްތީ، މީހަކު ނުބުންޏަސް އަހަންނަށް އެކަން އެނގޭ….ދެންކީއްވެ މައްސަލަޖެހެންވީ، ޔޫހާ އަހަރެންކައިރީ ބުނެދެންވީ ޔޫހާގެ ޖަވާބަކީ ކޮބާކަން މިކަމަށް، ދެއަންބަށްވެސް އިންނާނަންތޯ” ޒައުލް ޔޫހާގެ ދެއަތުގެ މުލައްދަނޑީގައި ހިފާލަމުން ބުނެލިއެވެ.
“ހޫމް…” ޔޫހާ މަޑުމަޑުން ބޯޖަހާލަމުން ހޫންލައްވާލިއެވެ. އެއާއިއެކު ޒައުލް ޖޫހާގެނެސް އޭނަގެ މޭގައި ބޮނޑިކޮއްލައިފިއެވެ. ކުޑަހިނދުކޮޅޭއްގެ ތެރޭ ކޮޓަރިތެރެއަށް ޒައުލްގެ މަޑުހުނުމުގެ އަޑުފެތުރިގެންދިޔައެވެ. ޔޫހާއަށް ހައިރާންކަން ލިބިގެންދިޔައެވެ. އެހެންނަމަވެސް ޒައުލް އޭނަގެ އަތުގެތެރޭން ޔޫހާ ދޫކޮއްލާ ހިޔާލެއް ނުކުރިއެވެ.
“ޒައުލް…” ޔޫހާ މަޑުމަޑުން ބުނެލިއެވެ. އެހިނދު ޒައުލް ޔޫހާ ގަޔާދުރުކޮއްލަމުން ވާހަކަދައްކަންފެށިއެވެ.
“އަހަރެން ބޭނުންވި ޖަވާބު ޔޫހާގެ ފަރާތުން ލިބުނީ، ވަރަށް އުފާވި އެޖަވާބު އަޑުއިވިފަ…ތެދަށް ބުނަންތަ، އަހަރެން ޔޫހާ ނޫން މީހަކާ ކައިވެންޏެއް ނުކުރާނަން، މާމަ އާއި ބައްޕަ ކިތަންމެ ބޭނުންވިޔަސް އަހަރެން އެސްތާ އާއި ކައިވެނިކުރާކަށް ބޭނުމެއްނޫން، އަހަންނަށް ޔޫހާ ނޫން މީހަކުދެކެ ލޯތްބެއް ނުވެވޭނެ، އަހަރެންބޭނުންވީ ޔޫހާ އަހަރެންދެކެ އަދިވެސް ލޯބިވޭތޯ ބަލާލަން…” ޒައުލް ހިނިއައިސްފައި ހުރެ ބުނެލިއެވެ.
“އެހެންބުނެގެންތަ ލޯބިވާކަން އެނގެނީ….އަހަރެން ލޯތްބެއް ނުވޭ ޒައުލްދެކެ…” ޔޫހާ ލޯއަޅާލަމުން ތުންއަނބުރާލިއެވެ. އަދި މެޔާއިދިމާލުން އަތްހުރަސްކޮއްލާފައި އެއްފަރާތަކަށް އެނބުރުނެވެ. ޒައުލްއަށް އެރުޅިވެރި މޫނުގެ އަނެއްފަރާތުގައިވާ ލޯބި އެހަރަކާތުންވެސް ފެނިގެންދިޔައެވެ.
“އެކަމަކު އަހަރެން ވަރަށް ލޯބިވޭ، އަހަންނަށް އެނގޭ ޔޫހާވެސް އަހަރެން ނޫންމީހެއްދެކެ ލޯބިނުވާކަން…އޯކޭ ނުބުންޏަސް…” ޒައުލް ޔޫހާގެ ފުރަގަހުން އޭނަގެ ގައިގާ ބައްދާލިއެވެ. އަދި ލުއިހީނލުމަކުން އޭނަގެ ފިރިހެންވަންތަ ބަރުއަޑުން ހީނލިއަޑުއިވުނެވެ. ރުޅިމޫނު ދައްކަން މަސައްކަތްކުރި ޔޫހާގެ ތުންފަތުގައިވެސް ލޯބިިވެތި ހިނިތުންވުމެއް އެވަގުތު ދުވެލިއެވެ.
“ކައިވެނި ކުރަން ހަމަޖެހިފަ އޮތީ ޕާކްވިއު ހޮޓެލްގަ ހުންނަ އަހަރެންގެ ކޮޓަރީގަ، ޝާއިން އާއި އަފޫގެ އިތުރުން އެހެންމީހަކު އެތާ ހުންނަން ޔޫހާ ބޭނުންތަ” ޒައުލް ބޯއަރިކޮއްލަމުން ޔޫހާއަށް ބަލާލިއެވެ.
“ނޫން، ދެންކާކު ހުންނާނީ” އެހެންބުނިއިރު ޔޫހާގެ އަޑުގައިވި އަސަރު ޒައުލްއަށް ނަގައިގަނެވުނެވެ.
“އަހަރެން ހީކުރީ ޔޫހާގެ މަންމަމެންގެ ވާހަކަ ބުނާނެކަމަށް، އެކަމަކު ކައިވެނިކުރަން ދެދުވަހަށް ވީއިރުވެސް ޔޫހާގެ މަންމަމެންގެ ހިޔާލު ހުރިގޮތުގެ ވާހަކައެއް އަހަންނަށް ކިޔައެއްނުދޭ، އެނގޭ ޔޫހާ އެމީހުންނާ ވާހަކަދައްކަން ބޭނުންނުވަނީކަން، އެކަމަކު އަހަރެން ބޭނުން އެމީހުންނާ ބައްދަލުކުރަން….އަހަރެން ބޭނުން ޔޫހާއަށް ކިޔާން ދިންމީހަކީ އަހަރެންކަން އެމީހުންނަށް އެނގެން، އާފެށުމަކުން ފެށުމަކީ އެއީ، އަހަރުމެންގެ ގާތް ހުރިހާ އެންމެނަށް ހަގީގަތް އެނގިފައޮތުން، އަހަރެން ޔޫހާއަށް އެންގުމަކާއި ނުލާ ނިންމުމެއްނިންމައިފިން، އެކަމަކު އެކަންވެސް ލަހެއްނުވެ އެނގޭނެ، ކައިވެނި ކުރުމަށްފަހު” ޒައުލް ބުނެލިއެވެ.
“އަހަރުމެން ކައިވެނި ކުރުމަށްފަހު އުޅޭނީ ކޮންތާކު” ފަހަކަށް އައިސް ޔޫހާގެ ހިތަށް އަބަދުހެން އަރާ ސުވާލެއް އޭނަ ޒައުލް އާއި ކުރިއެވެ.
“ހޮޓެލުގަ…” ޒައުލް ވަރަށް ފަސޭހައިން ބުނެލިއެވެ. އެއާއިއެކު ޔޫހާ ވަގުތުން އިސްއުފުލާލަމުން އޭނައަށްވުރެ އިސްކޮޅުން ދިގު ޒައުލްގެ މޫނަށް ބަލާލިއެވެ. ޒައުލް ހުރީ އޭނަގެ ފަހަތުގައި ކަމަށްވާތީ ޒައުލްގެ މޫނަށް ބެލުން ޔޫހާއަށް އުނދަގޫކަމަކަށް ވެ ދުރަށް ޖެހިލަން އުޅުނެވެ.
“ހޮޓެލަކު ނޫނޭ…ދުރަށް ނުދޭބަލަ، ކައިވެނި ކުރެވެންދެން މަޑުކޮއްބަލަ، އޭރުން ޔޫހާއަށް އެނގޭނެ އަހަރެން ޔޫހާ ގެންދަނީ ކޮންތާކަށްކަން، ހުރިހާ ކަމެއްވެސް އަހަރެންވާނީ ރާވާ ނިންމާފަ” ޒައުލް ވާހަކަދެއްކީ ވަރަށް ހަމަޖެހިލާފައެވެ. ޒައުލްގެ މޫނުމަތިން އޭނަ އެކޮޓަރިއަށް ވަންއިރު ފެނުނު ނުތަނަވަސްކަމެއް މިހާރަކު ނެތެވެ.
“މައްސަލައެއްނެތް، ޒައުލް ނިންމާގޮތެއް އަހަންނަށް އެންމެ ރަނގަޅު، ދެން ބުނެބަލަ، މިރޭ އައިގޮތުން ހީވީ ކޮންމެވެސް ކަމަކާ ވަރަށް ހާސްވެފަ ހުރިހެން” ޔޫހާ ބުންޏެވެ.
“އާން، ހަވީރު ގެއަށް ދާން ބޭނުންނުވެފަ ހުރެ ގެއަށް ދިޔައީވެސް، ގެއަށްވަތްއިރު މާމަގެ ކުރިމަައްޗަށް އަހަންނަށް ވަދެވުނީ، ދެން އެނގެއެއްނު މާމަ ދައްކާނީ ކޮންވާހަކައެއްކަން، އަހަރެން ނުގަބޫލަސް އެސްތާގެ އާއިލާ މީހުންނާ އަހަރުމެން ދެމީހުންގެ ކައިވެނީގެ ވާހަކަ ދައްކާނަމޯ ބުނީ، ބައްޕަ ހޯދާވާހަކަ ބުނީމަ ބައްޕަގެ ގާތަށް ދެންދިޔައީ، ބުނީ މާމަ އާއި ދެބަސް ނުވާށޯ، މާމަ ގޯސް ނިންމުމެއް ނުނިންމާނެއޯ، އެކަމަކު މީ އަހަރެންގެ ދިރިއުޅުމެއްނޫންތަ، އަހަރެން ބުނިން މާމަ އާއި ބައްޕަ އަހަންނަށް ކޮއްދިން ހުރިހާކަމެއް ހަނދާނެއްނުނެތެއޭ، އަދި ނުވެސްނެތޭނެއޭ….އެކަމަކު ލޯބިނުވާ މީހަކާ އިނދެގެނެއްނޫޅެވޭނެޔޭޭ، ޔޫހާ ދުނިޔޭގެ ހުރިހާ ދުވަހަކު އަހަންނަށް އެހެން އަންހެނަކާ ދިމާލަށް ބަލައެއްނުލެވޭނެ…ޔޫ އަރ މައި އެވްރިތިންގް…ހިތަށްއަރާ އެމީހުންނަށް ނުވިސްނެނީ ކީއްވެބާއޭ، ކިޔާންއަކީ އަހަރެންގެ ދަރިއެއްކަން ގަބޫލުކުރަން އެމީހުންނަށް އެންމެ ފަސޭހަވާނީވެސް” ޒައުލް ފުންނޭވާއެއް ބޭރުކޮއްލީ ސިކުނޑިން އެހިޔާލުތައް ނެރެލަން ބޭނުންވިފަދަ ގޮތަކަށެވެ.
“އިރާދަކުރެއްވިއްޔާ އަދި ވިސްނޭނެ ދުވަސްވެސް އަންނާނެ” ޔޫހާ ބުނެލިއެވެ.
“ހޫމް އެހެންވެއްޖެއްޔާ ކިތަންމެހާވެސް ރަނގަޅު…އަހަރެން ވަންއިރު ސިޓިން ރޫމުގައި ޝާއިން އާއިއެކު އެއިނީ ކޮންއަންހެން ކުއްޖެއް” ޒައުލް އަހާލިއެވެ. ޔޫހާ އޭނައަށް ރޮޒޭންގެ ޚަބަރު އޮޅުންފިލުވާދިނެވެ. ދެމީހުން އެކިވާހަކަތައް ދެއްކުމުގައި ކޮޓަރިތެރޭ ތިއްބެވެ. އެހެންތިބިއިރު ޔޫހާ ޒައުލްގެ ކޮންމެ ހަރަކާތަކަށް ޚާއްޞަކަމެއްދެމުންދިޔައެވެ. ލޯތްބާއިއެކުއެވެ. ހިތުގައި އުފެދެމުންދިޔަ ލޯބީގެ އޮއެވަރުގައި ޖެހި ނަފްސުގެ މައްޗަށް އޮތްބާރު ގެއްލިދާނެތީ ބިރުންއިނދެއެވެ. ނަމަވެސް ޒައުލްގެ ކޮންމެ އަދާއެއް އޭނައަށް ސިހުރުޖައްސާފަދައެވެ. އެކަމާ އަޅާނުލާ ދޫކޮއްލުމުގެ ބާރުވަނީ އޭނަގެ އަތަކުނޫނެވެ. މޭގައިވާ ހިތް އޭނަގެ ސިކުނޑިއަށް ކިޔަމަނެއްނުވެއެވެ. ޒައުލްވެސް އޭނަގެ ހިތަށް ކުދިކުދި އުފާހޯދާދިނެވެ. ވާހަކައިގައި ތިބެ ޔޫހާގެ ބުޅިއިސްތަށިތަކާއި އިނގިލިތަކުން ކުޅެލައެވެ. ކަމަކާނުލާ ޔޫހާގެ އަތުގައި ފިރުމާލާނެއެވެ. ކުދިކުދި ބީހުންތަކެވެ. ނަމަވެސް ދެހިތުގެ ވިންދު އަވަސްކުރުވައެވެ. ލޭހޫނުވެ ނޭވާއަސްވެ އަމިއްލަ ނޭވާގެ ހޫނުކަން ދެމީހުންނަށްވެސް އިޙްސާސްކުރެވެއެވެ.
މަންސޫރަށް ޒައުލް އޭނަގެ އަޑެއް ނާހާނެކަން މިހާރު ޔަގީންވެއްޖެއެވެ. އަނެއްކޮޅުން ލާއިގާގެ ވާހަކަތައް ކޮންމެ ގޮތަކަށްހުއްޓެއްކަމަކު އޭނަގެ ޒަމީރު ޒައުލްގެ ވާހަކަތަކުގައި ހަގީގަތެއްވާކަން ގަބޫލުކުރަން މަޖުބޫރުކުރުވަމުންދިޔައެވެ. އެކަނިމާ އެކަނި ޓެރެސްގެ ރެއިލިންގައި ހިފަހައްޓާލައިގެން މަންސޫރު ވިސްނުމުގެތެރެއަށް ގެއްލިފައި ހުއްޓެވެ. އަރައިގެން އައި އިރުގެ އަވި މޫނަށްއެޅި މޫނުގެ ހަންގަނޑަށް ހޫނުވަމުންދިޔައިރު، ހިފަހައްޓާލައިގެން ހުރި ސައިޖޯޑު ހިހޫވަމުންދިޔައެވެ. ތުންފަތުގައި ސައިޖޯޑު ޖައްސާލަންވެސް ހަނދާންނެތިފަ ހުރި ކަހަލައެވެ. ކަންތައްބޮޑުވެފައިވަނީ ޒައުލްގެ ނިންމުމާއިމެދު ވާހަކަ ދައްކާލާނެ އިތުރު މީހަކު ނެތުމެވެ. ހަޔާތުގެ ކަންތައްތައް ޚިއްޞާކުރާނެ ބައިވެރިއަކު ހުދު އޭނަގެވެސް ނެތުމެވެ. ” ޒަރާނާ މިއަދު ހުރިނަމަ…” …މިހެން ހިތަށް އަރާ އެތަށް ކަމެއް މަންސޫރުގެ ހިތަށް އަރާފައިބަމުންދިޔައެވެ.
އިންތިޒާރު ކުރަމުންއައި ވަގުތުޖެހުނުއިރު ޔޫހާގެ ހާސްކަން އިތުރުވެފައިވެއެވެ. ހަޔާތުގެ ފުރަތަމަ ކައިވެނި ކުރަންއުޅޭތީވެ ތަފާތު ކޫސަނި ހިޔާލުތަކުން ސިކުނޑިއަށް ބަރުވަމުންދިޔައެވެ. ޕާކްވިއު ހޮޓެލްގަ ޒައުލްގެ ކޮޓަރީގެ ފާހާނާގައި އެތަށް އިރަކު ޔޫހާ މަޑުކޮއްލައިގެން ހުއްޓެވެ. ދެލޯ މަރާލަމުން ފުންނޭވާތަކެއް ލަމުންދިޔައީ މީހާ ހަމައަކަށް އެޅެން ބޭނުންވެގެންނެވެ. އޭނަ ހޮޓެލަށް ވަދެގެން އައިއިރު އޭނަ އާއި އަމާޒުވެފައިވާ އެތަށް ލޯތަކެއް އަދިވެސް އޭނަގެ ވަށައިގެންވާފަދަ އިޙްސާސެއް ކުރެވެމުންދިޔައެވެ. އެމީހުންގެ ސުވާލުން ފުރިގެންވި ނަޒަރުތައް ޔޫހާ އާއި ޒައުލްގެ މޫނުމަތިން ޖަވާބު ހޯދަމުންދިޔަކަން ކަށަވަރެވެ. ޔޫހާގެ ހިތްބިރުގަންނަނީ ކީއްވެކަމެއް ނޭނގެއެވެ. ބަނޑުގައި ކުދިކޮކާ އުދުހޭފަދަ އިޙްސާސެއް ކުރެވޭހެންވެސް އޭނައަށް ހީވެއެވެ.
“ޔޫހާ…” ފާހާނާގެ ދޮރުގައި ޓަކިޖަހާލުމާއިއެކު އެ އިވުނީ އަފްލީންގެ އަޑެވެ. ކުއްލިއަކަށް ޔޫހާ މަރާލައިގެން ހުރި ދެލޯ ހުޅުވާލުމާއިއެކު ދޮރާދިމާލަށް ބަލާލިއެވެ. އަދި ބަނޑުގައި އެއްއަތުން ބާރަށް ހިފަހައްޓާލަމުން އަނެއްކާވެސް ފުންނޭވާއެއް ލިއެވެ. އަފްލީންގެ އަޑު ދެވަނަ ފަހަރަށް އިވުނެވެ. ދެންއިވުނީ ޒައުލްގެ އަޑެވެ.
“ޔޫހާ…ހުރިހާ ކަމެއްވެސް ރަނގަޅުތަ؟ ތައްޔާރުވެވިއްޖެއްޔާ ދޮރުހުޅުވާލަންވީނު” ޒައުލް ބުނެލިއަޑުއިވުނެވެ. ޔޫހާ މަޑުމަޑުން އައިސް ފާހާނާގެ ދޮރު ހުޅުވާލިއެވެ. ޒައުލްގެ އެދުމަށް ޔޫހާ ރީތިކުރުމަށް އައީ އެކަމުގެ ހުނަރުލިބިފައިވި މީހުންނެވެ. ކުޑަކޮށް ހުޅުވިގެން ދިޔަ ދޮރު ޒައުލް ބޮޑަށް ހުޅުވާލިއެވެ. އެހިނދު އަފްލީން އުފަލުން ތުއިގޮތަކަށް ހަޅޭލަވައިގަތެވެ.
“ވާ…ހާދަ ރީއްޗޭ…” ޒައުލްގެ އެއްފަރާތުގައި ހުރި އަފްލީން ބުނެލިއަޑު ޔޫހާއަށް އިވުނެވެ. ޒައުލް ޔޫހާއަށް ބަލަހައްޓައިގެން ހުރީ އެސްފިޔަވެސް ޖަހާލަން ބޭނުންނުވެފަ ހުރިގޮތަކަށެވެ. ދެލޯ ބޮޑުކޮއްލައިގެން ޔޫހާގެ ރީތިކަން އެދެލޮލުގެ ތެރޭ ދުރުހަނދާންތަކަކަށް ފޮރުވާލަން ބޭނުންވާ ފަދައަކުންނެވެ.
ރަތާ ފެހިކުލައިގެ ހެދުމުގައި ހަރުކޮއްފައިވާ ކުދިކުދި އެސްތަށްހީވަނީ ކުދިކުދި ޖަވާހިރުތަކެއްހެނެވެ. ޔޫހާގެ ހަށިގަނޑުގެ ލޫޅާފަތިކަމާއި ބަނިޔާދަންކަން އޭނައަށް ބަލާލާ ކޮންމެ މީހަކަށް ހާމަވެގެންދާނެކަން ޔަގީނެވެ. ހެނދުމުގެ ބޮޑުކަރުގެ ސަބަބުން މޭމަތި ހާމަވެފައި ވިޔަސް އެދޮންމޭމަތި ފަޅުފިލުވާދީފައިވަނީ އޮފުދާރުކުރެވިފައިވާ ފީރޯޒުގެ ވިދަވިދާއޮތް ހާރަކުންނެވެ. ރީތީގެ ރާނީއެއްފަދައެވެ. ޒައުލް ދިއްކޮއްލި އަތްތިލާގެ ތެރެއަށް ޔޫހާގެ ކުޑަ އަތްތިލަ ވަނުމާއިއެކު ޒައުލް ބާރަށް ހިފާލިއެވެ. ތައުރީފުގެ ބަހެއްބުނަން ހިތްއެދުނެއްކަމަކު އެކަމަށްވެސް އޭނަވަނީ ވަގުތެއް ކަނޑައަޅާފައެވެ. އެވަގުތު ޖެހެންދެން އޭނަގެ ހިތުގެ ޝުއުރޫތަކާއި އެންމެހާ އިޙްސާސެއް ކޮންޓްރޯލް ކުރަން މަސައްކަތްކުރަމުންދިޔައެވެ. އެއްވެސް ހުރައެއްނެތި އޭނަގެ އަތުގެތެރެއަށް ޔޫހާ ގެނެސް މިނިވަންކަމާއިއެކު އޭނަގެ ހިތްފުރެދެން އެރީތިކަމުގެ މީރުކަން ލިބޭނެވަގުތަށެވެ.
“ހުރިހާ ކަމެއްވެސް ރަނގަޅުވާނެ، ދެން މާގިނަ އިރެއްނެތް، އެންމެން އެބަތިބި އެފަރާތު ސޮފާގައި، ޔޫހާ ނާންނަނިސް ކައިވެންޏެއް ނުކުރެވޭނެއެއްނު…ހިނގާ އަވަހަށް…” ޔޫހާގެ އަތްތިލައިގެ ފިނިކަން ޒައުލްއަށްވެސް އިޙްސާސްކުރެވެއެވެ. ހުދު އޭނަވެސް އެވަނީ ބުނެދޭން ނޭނގޭ ހާލަތެއްގައެވެ. ހިތްއަވަސްވެފައެވެ. އޮމާކޮއްލެވިފައިވާ ދަތްދޮޅީގައި އަތްހާކާލުމާއިއެކު ޔޫހާ ގޮވައިގެން އައިސް އެނދުމަތީގައި އޮތް އެސްޖަހާފައިވާ ފެހިކުލައިގެ ތުނިތުނި ދޯފައްޓާ ނަގާ ޔޫހާގެ ބޮލުގައި އަޅާލުމާއިއެކު އެއްފަރާތް ކުރިމައްޗަށް ގެނެސް އަނެއް ފަރާތް ކަރުގެ ވަށާލާފައި ފަހަތަށް ދޫކޮއްލިއެވެ. އަދި ޔޫހާގެ ކޮނޑުގައި ހިފާ ގާތްކޮއްލުމާއިއެކު އެމީހުންގެ ފަސްފަހަތުން އުޅުނު އަފްލީނަށް ދާންވީކަމުގައި ބުންޏެވެ.
ޝާއިންއަށް ސޯފާއިން ތެދުވެވުނީ އިޙްތިޔާރަކާއި ނުލައެވެ. ޔޫހާގެ ރީތިކަންފެންނަ ކޮންމެ މީހަކަށް އެރީތިކަމަށް ތައުރީފުކޮއްނުލާ ކެތްނުވާނެކަން ގައިމެވެ. މަޑުހިނގުމުގައި ކުރިއަށް އަޅާލާ ކޮންމެ ފިޔަވަޅަކާއިއެކު ހެދުމުގެ ފަސްބައިވެސް ލަދުން އޮޅެމުން ކަހަލަ ގޮތަކަށް ހޫރެމުންދިޔައެވެ. ބުޅި އިސްތަށިގަނޑުގެ ވިދުން މިއަދު ގަދަހެންވެސް ހީވެއެވެ. ޒައުލް އާއި ޔޫހާ އިށީނުމަށް ހަމަޖެހިފައިވާ ގޮނޑީގައި އިށީނުމުން ޝާއިންވެސް އިށީނދެއްޖެއެވެ.
ދެކޮޅަށް ހިނގާލަ ހިނގާލަ ހުރި އައްޔަދު ދޭތެރެއަކުން އަތުގައި އޮތް ފޯނުން އަނެއްއަތުގައި މަޑުމަޑުން ތަޅާލައެވެ. އޭނަގެ ހާސްކަމާއި ގުޅިފައިވަނީ ޒައުލް އާއި ޔޫހާގެ ކައިވެންޏެވެ. ޒަރާނާގެ އެދުމުގެ މަތިން އޭނަ އެކަމުގެ ތެރެއަށް ނުވަދެ މަޑުކޮއްލައިގެން ހުއްޓެއްކަމަކު ޔޫހާއަށް ދެރައެއް ލިބޭކަށް ނޭދެއެވެ. އަދިވެސް ޒައުލްއަށް އޭނަ އިތުބާރެއް ނުކުރެއެވެ. އަދި ޔޫހާގެ ފަރާތުން އެދެމީހުންގެ ގުޅުމާ ބެހޭގޮތުން މާގިނަ ވާހަކަތަކެއް އެނގިފައެއްވެސް ނެތެވެ. ޔޫހާގެ ކައިވެނި ކުރެވެނީ މިރޭކަން އޭނަ ޒަރާނާއަށް ސިއްރުކުރިއެވެ. އައްޔަދު އަމިއްލައަށް ނިންމުންތަކެއް ނިންމަމުންދިޔައެވެ. ޔޫހާގެ ކައިވެނި ކުރެވުނަސް އޭނަ ޔޫހާގެ ކަންތައްތައް ބަލާނެކަމެވެ. ކިތަންމެ ދުރުންވިޔަސްއެވެ. އޭނަ އާއި ޔޫހާގެ މެދުގައި އޮތް ރަޙުމަތްތެރިކަމުގެ ގުޅުން އިތުރަށް ބަދަހިކުރަން އޭނަ ބޭނުމެވެ.
ރޮޒޭންގެ ފޯނު ކޯލު ނިންމާލިގޮތަށް އީލާކް ދުއްވައިގަތީ ލާއިގާ ހޯދުމަށެވެ. އާދަކޮށް ރޭގަނޑު ކައިގެން ނުކުމެ ސިޓިން ރޫމުގައި ޓީވީ ބަލަން އިން ލާއިގާ ސިހިފައި ސިޑިއާއި ދިމާލަށް ބަލާލީ އީލާކްގެ އަޑު ވަރަށްވެސް ބާރަށް އިވުމުންނެވެ.
“ތިއަށްވުރެ މަޑުން އީލާކްއަށް ވާހަކަ ނުދެއްކެނީތަ، މާމަ ނުބުނަންތަ ގޭތެރޭގަ އަޑުގަދަ ނުކުރާށޭ، އެހެންނޫނަސް ތީ އަންހެން ކުއްޖެކޭ…” ލާއިގާގެ ކުރިމައްޗަށް އައިސް ހުއްޓުނު އީލާކަށް އެއްޗެއް ނުބުނެވެނިސް ލާއިގާ ބުނެލިއެވެ.
“މާމާ، މާމާ….ރުޅިމަޑުކުރައްވާފަ އަޅުގަނޑު ބުނަންމިއުޅޭ ވާހަކައަޑުއަހާލަދީބަލަ، ވަރަށް އިމްޕޯޓެންޓް ވާހަކައެކޭ މީ…ދޮންބެ މެރީކުރަނީ އޯ…” އަތުގެ އިޝާރާތާއިއެކު އީލާކް ދެލޯބޮޑުކޮއްލީ ޚަބަރުގެ ހޫނުކަން ލާއިގާއަށް އަންގަން ބޭނުންވި ފަދަގޮތަކަށެވެ.
“ތީ އީލާކު ކޮންތާކުން އަޑުއެހި ވާހަކައެއް” ލާއިގާ އޭނަގެ ގޮނޑީގައި އަދިވެސް ހަމަޖެހިލައިގެން އިނދެ ސުވާލުކުރިއެވެ. މި ފަހަކަށް އައިސް އޭނައަށް އަބަދުއިވެނީ ޒައުލް ކައިވެނި ކުރަން އުޅޭ ވާހަކައެވެ. އެހެންވެ އީލާކު އެހެންބުނުމުންވެސް މާބޮޑުކަމަކަށް ނުވީއެވެ. ޒައުލް ކިތަންމެ ވަރަކަށް އެހެން ކީނަމަވެސް އޭނަ އާއި މަންސޫރާ ދެކޮޅަށް ޒައުލްއަށް ކައިވެނިކުރަން ނުކެރޭނެކަމަށް އޭނަ ގަބޫލުކުރެއެވެ. އެއާއި ހިލާފަށް ލާއިގާގެ ހިތަށްއެރީ އޭނަ ޒައުލްގެ ކައިވެންޏަށް ގަބޫލު ނުވެ ޝައިސްތާ އާއި ކައިވެނި ކުރުވަން އުޅުނީމަ، ޒައުލްގެ ނިންމުމަކަށްވާނީ ދެމީހުންކުރެ އެކަކާވެސް ކައިވެނި ނުކުރުންކަމުގައެވެ.
“މާމާ، ކޮބާތޯ ބައްޕަ، ބައްޕަ ގާތު އެވާހަކަ ނުބުނާނަންތޯ…ހިންގަވާ އަޅުގަނޑާއިއެކު ޕާކްވިއުއަށް، މާމާ، ހަމަތެދެކޭ އަޅުގަނޑު މިބުނީ، ދޮންބެ އެކުއްޖާޔާ މެރީކުރަނީ، މިރޭ މިވަގުތު…” އީލާކް ލާއިގާގެ އަތުގައި ހިފާލިއެވެ. ކަންބޮޑުވެފައި ހުރެއެވެ.
“އީލާކް ކީކޭތަ ތިކިޔަނީ” ލާއިގާގެ އަތަށް އީލާކް ދަމާލުމާއިއެކު ކޮޅަށް ތެދުވަމުން ބުންޏެވެ.
“މާމާ، ސީރިއަސްކޮށޭ…އަޅުގަނޑު ގާތު ބުނީ ރޯޒް، އޭނަ ދޮގެއްނުހަދާނެ، މާމަ ޔަގީން ކުރައްވަން ބޭނުންވާނަމަ ޕާކްވިއުއަށް ގުޅިޔަސް އެންމެ ރަނގަޅު، ދޮންބެ މިރޭ މިވަގުތު އެކުއްޖާ އާއި މެރީ ކުރަން އެއުޅެނީ…” ލާއިގާއަށް އީލާކްގެ ވާހަކަ ފަހުމްވީ ދެނެވެ. ހާސްކަމާއިއެކު ލައިގެން ހުރި ހެދުން ކުޑަކޮށް ހިއްލާލައިގެން ކާގެއާއި ދިމާލަށް ހިނގައިގަތެވެ. އަވަސް އަރުވާލާފައި ގޭގައި ގެންގުޅޭ ކުއްޖަކަށް ގޮވާލާފައި ކާރުދުއްވަން ހަމަޖެހިފައިވާ ޑްރައިވަރުތަކުން ޑްރައިވަރަކަށް ގޮވާލުމަށް ބުނެ އީލާކްގެ ގާތު މަންސޫރުއަށް އެޚަބަރު ދިނުމަށް ބުންޏެވެ. އީލާކް ދުއްވައިގަތީ ސިޑިއާއި ދިމާލަށެވެ. މަންސޫރު އާއި ބައްދަލުވީ ޓެރެސްއިންނެވެ. ބިޒްނަސް މެގެޒިންއެއްގެ ގަނޑުތައް އުކާލަ އުކާލައިން މަންސޫރަށްވެސް ސިހުންގެނުވި ޚަބަރަކަށް އީލާކުގެ ޚަބަރުވެގެންދިޔައެވެ. ނިތަށްއަރައިގެން ދިޔަ ރޫތަކާއިއެކު ކައިރިކޮއްލެވިފައިވާ ދެބުމައިން އޭނައަށް ލިބިގެންދިޔަ ހާސްކަން ވަރަށް ސާފުކޮށް ފެނިގެންދިޔައެވެ. އީލާކް އާއިއެކު ސިޑިން ފައިބައިގެން އައިއިރު ލާއިގާ ފޯނު ހިފައިގެން ހުއްޓެވެ.
“މަންމާ، އެއީ ތެދެއްތަ….ޒައުލް…”މަންސޫރަށް ރަނގަޅަށް އަހަން ބޭނުންވި އެއްޗެއް ނޭހިގެން އުޅެނިކޮށް ލާއިގާ ވާހަކަދައްކަންފެށިއެވެ.
“ޖަމާލުގެ ފޯނުވެސް އޮތީ ނިއްވާލާފަ، ޒައުލްގެ ފޯނުވެސް އޮތީ ނިއްވާލާފަ، އޭނަގެ ކޮޓަރީގަ މީޓީންގެއް ހިނގަމުންދާކަމަށް އެތަނުގަ ތިބި މީހުން ބުނަނީ، އަހަންނަށް ހީވަނީ އެމަންޖެ އެދައްކަނީ ތެދުވާހަކައެއްހެން، އަވަހަށް ހިނގާ ދަމާ، ޒައުލް މިހާ މޮޔަވާނެކަމަށް އަހަރެން އެއްގޮޮތަކަށްވެސް ހީނުކުރަން….އަހަރެން ބޭނުމެއްނޫން އެއަންހެން ކުއްޖާ މިގެއަށް ގެންނާކަށް، ބޯފަޅައިގެންދާވަރުވޭ، ޒައުލް އެއުޅެނީ މޮޔަވެގެން، އެކަމުގެ ތެރެއަށް ބޯ މަހާނުލަނިސް އަހަރުމެންނަށް ދެވޭނަމަ ކިހާ ރަނގަޅު…” ލާއިގާ އާއި މަންސޫރު ސިޓިން ރޫމުން ނުކުމެގެން މަގުމައްޗަށް ނެރުނު ކާރަށް އަރަން އުޅުނެވެ. އެމީހުންގެ ފަހަތުން އީލާކް ދިޔައެވެ. ލިބުނު ޚަބަރެއްގެ ނުބައިކަމުން ލާއިގާ އާއި މަންސޫރަށް އެމީހުންނާއިއެކު އައި އީލާކަށް އެއްވެސް ސަމާލުކަމެއް ނުދެވުނެވެ.
ރޮޒޭންއަށް އީލާކްއަށް ހުރިހާ ވާހަކައެއް ކިޔާދެވުނު އިރު އެއީ ދައްކައިގެން ނުވާވަރުގެ ވާހަކައެއްކަމެއް އެނގުނީ އީލާކްގެ ވާހަކަ ހުރިގޮތުންނެވެ. އޭނަވެސް ހާސްވިވަރުން ޝާއިންއަށް ގުޅިއެވެ. ނަމަވެސް ރިންގުވެފަ ފޯނު ކެނޑެނީއެވެ. ހީވާ ގޮތުން ޝާއިންގެ ފޯނު ވަނީ ސައިލެންޓަށް ލާފައެވެ. އެހެންނޫނީ ރޮޒޭން ގުޅާއިރަށް ފޯނުނަގާނެއެވެ. ހާސްވެގެންގޮސް އޭނަ ފެންކަޅިވެފައި އިނެވެ. ހެދުނީ ވަރަށް ބޮޑު ގޯހެއްކަން އޭނަގެ ޒަމީރު ތަކުރާރުކޮށް ހަނދާންކޮއްދެމުންދިޔައެވެ. ދެން އެހިތަށް ފިނިކަމެއް ލިބޭނީ ޝާއިންގެ އަޑުއިވުނީމައެވެ. ކަންތައްވީގޮތް ކިޔާދެވުނީމައެވެ.
ދުއްވާއެއްޗެހި ގިނަކަމުން ޑްރައިވަރަށް ލާއިގާ ބުނަމުންދިޔަ މިންގަނޑުގައި ކާރެއް ނުދުއްވެއެވެ. އެކަމާވެސް ލާއިގާ ކާރުގައި އިނދެ ކުދިކިޔަމުންދިޔައެވެ. އަދި ޒައުލްއަށް ގުޅޭތޯ މަސައްކަތްކުރަމުންދިޔައެވެ. ލާއިގާ ބޭނުންވި ވަރަށްވުރެ ލަހުން އެކަމަކު ގިނައިރުތަކެއްނުވެ ކާރު އައިސް ޕާކްވިއު ހޮޓެލްގެ ގޭޓު ކުރިމަތީ މަޑުކޮއްލިއެވެ. ކުރީ ސީޓުގައިއިން މަންސޫރު ކާރުން ފޭބި ވަގުތާއި ގޭޓާއި ވީފަރާތަށް ކާރުގެ ދޮރުހުޅުވާލާފައި ލާއިގާ ނުކުތްވަގުތުވީ އެއްވަގުތަކަށެވެ. ގޭޓުގެ ކައިރީ ހުރި ދޮރުވާނަށް މަންސޫރުގެ އާއިލާ ފެނުމާއިއެކު ކޮންމެވެސް ވަރެއްގެ ސިހުމެއްލިބިގެންދިޔައެވެ. ހަށިގަނޑު ތެދުކޮއްލުމާއިއެކު ލައިގެން ހުރި ޔުނީފޯމް ރީތިކޮއްލިއެވެ. އަދި މަންސޫރު ވަދެގެން އަންނަން ފެށުމުން އިޙްތިރާމުގެ ގޮތުން އިސްތިރިކޮށް ސަލާމްގޮވާލިއެވެ. އެއަޑު މަންސޫރަށް އިވުނުހެނެއް ހިޔެއްނުވެއެވެ. އެއަށްވުރެ އޭނަގެ ހިނގުންއަވަސްކޮއްލާފައިވަނީ ޕާކްވިއު ހޮޓެލްގެ ތެރެއަށް ވަދެގެން ދިއުމަށެވެ. އޭނަ އާއި އެކުއެކީހެން ލާއިގާ އާއި އީލާކް އައެވެ. އެވަގުތު ހޮޓެލުގެ ޑިއުޓީގައި އުޅުނު ސްޓާފުންނަށްވެސް ހައިރާންކަންވެރިކުރުވީ ރޭގަނޑުގެ ގަޑިއެއްގައި އާމުކޮށް ނުފެންނަ މަންސޫރު ހަރުކޮށްހިނގާލާފައި އައިސް ލިފްޓަށް އެރިތަން ފެނުމުންނެވެ. އަދި އޭނަ އާއި އެކު ހުރި ލާއިގާ އާއި އީލާކް ފެނުމުންނެވެ. އެހިނދުކޮޅުން ފެށިގެން ސްޓާފުންގެ ތުންތުންމަތިން ތަފާތު ހަގީގަތެއްނެތް ވާހަކަތައް ދެކެވެން ފަށައިފިއެވެ.
އަނބިގަބޫލުކޮއްފީމޭ ޒައުލްގެ ދުލުން ބުނިވަގުތުންފެށިގެން ޔޫހާގެ ތުންފަތަށް ވެރިވެފައިވާ ހިނިތުންވުން ފިލައިގެން ނުދެއެވެ. ކުރިއަށްވުރެ ހިތްއަވަސްވެފައިވި ނަމަވެސް ދުނިޔޭގެ ހުރިހާ އުފަލެއް އޭނައަށް ހާސިލުވެފައިވާ ކަހަލަ އިޙްސާސްއެއް އޭނައަށް ކުރެވެމުންދިޔައެވެ. ދިގު އިންތިޒާރެއްގެ ނިމުން އަތުވެއްޖެއެވެ. ޔޫހާގެ ހިތުގެ މުރާދު ފުރިހަމަވެއްޖެއެވެ. މުޅިއުމުރު އެމީހެއްގެ އަންބަކަށް ވާން ބޭނުންވި މީހާގެ ލޯތްބާއިއެކު އޭނަ ބޭނުންވި މަގާމު އޭނައަށް ލިބިފައިވެއެވެ. ލޯބިވާ ފިރިމީހާގެ އިތުރުން ޒައުލްއަކީ އޭނަގެ ދަރިފުޅުގެ ބައްޕަވެސް މެއެވެ. އެންމެހާ ކަންތައްތަކަށް ކުޅަދުންވަންތަ ކަލާނގެ ޔަދު ގުދުރަތްޕުޅުގެ ރޭވުންތެރިކަމުގެ މޮޅުކަން މިއަދު ޔޫހާއަށް މިފެންނަނީއެވެ. އެދެލޯ ފާރުވާވަރަށް ކަރުނައޮހޮރި ދުވަސް ފާއިތުވެދިޔައީއެވެ. އޭނަގެ ކުށުގެ ތައުބާ ގަބޫލުކުރައްވާ އޭނަގެ ކެތްތެރިކަމުގެ މޭވާގެ ރަހަ ވަރަށްވެސް ފޮންޏެވެ. އަފްލީންގެ ގާތުގައި ޔޫހާ ހުއްޓިލައިގެން ހުރިއިރު ޒައުލް އާއި ޝާއިން ކައިވެނިކޮއްދޭން އައި މީހުންނަށް މެހެމާންދާރީ އަދާކުރުމަށްފަހު އެމީހުންނާއި ވަކިވުމުގެ ސަލާމް ކުރުމަށް ދޮރުމަތީ މަޑުކޮއްލައިގެން ތިއްބެވެ.
ހޯލްވޭއިން ޒައުލްގެ ކޮޓަރިއާއި ދިމާލަށް އައި ލާއިގާގެ ލޮލުގައި އެކޮޓަރިން ނުކުމެގެން ހިނގާފައި އަންނަ ހަތަރު މީހުން އަޅައިގަތެވެ. އެމީހުންގެ ތެރެއިން ދެމީހެއްގެ އަތުގައި ފައިލަކާއި ބޮޑުފޮތެއް އޮތެވެ. އޭނައަށް ވަގުތުން އެއީ ކޮންބައެއްކަން ނަގައިގަނެވުނު ކަހަލައެވެ. މޫނުމަތީގެ ކުލަވަރު ކުރިއަށްވުރެވެސް ގޯސްވެގެންދިއުމާއިއެކު ދެފަރާތަށް ބޯހޫރުވާލެވުނެވެ. އަދި ކުރިއަށްވުރެ ދެފަޔަށް ބާރުލަމުން ހިނގުން އަވަސްކޮއްލިއެވެ. މިހަރަކާތުން މަންސޫރުވެސް ކަންބޮޑުވާގޮތްވިއެވެ. އޭނައަށް ލާއިގާގެ ރުޅި އާއި ގޮތްދޫނުކުރުން ވަރަށް ރަނގަޅަށް އެނގެއެވެ.
އަފްލީނާއި އެކު ހުރި ޔޫހާ މަޑުހިނގުމެއްގައި އެކޮޓަރީގެ އެނދުހުރި ދިމާލަށް އައިސް ހުއްޓުނެވެ. އަދި ހިނިތުންވުމަކާއިއެކު އެނދުގައި އަރާމު ނިންޖަކުން ނިދާފައި އޮތް ކިޔާންއަށް ބަލާލިއެވެ. ހޭލާހުންނަން މަސައްކަތްކުރި ކަމުގައި ވިޔަސް އަވަހަށް ނިދަން އާދެވެފައިވާ ކިޔާންއަށް ނިދުނީއެވެ. އޭނައަށް ޒައުލް ގެނެސްދިން، އެރެއަށް ޙާއްޞަކުރެވިފައިވާ ހެދުމާއިއެކުގައެވެ. ޔޫހާގެ އަތުގައި ދެއަތުން ހިފާލުމާއިއެކު ކުޑަކޮށް އޭނަގެ އަތާއިއެކު އަފްލީން ބައްދާލުމުން ޔޫހާއަށް ބަލާލެވުނެވެ.
“ވަރަށް މިސްވާނެ…” އަފްލީން ދެރަވެލާފައި ބުނެލިއެވެ.
“އަފޫވެސް ދޯ…ބަލަ އަހަރެން މިދަނީ ދުނިޔެ ދޫކޮއްފައެއްނޫނެއްނު، އަފޫ އާއި ޝާއިންގެ ގާތަށް އަންނާނަމޭ، އޭރުން މިސްވާކަށް ނުޖެހޭނެއެއްނު ދޯ” ޔޫހާއަށް އަފްލީނުގެ ރާގު ހުރިގޮތުން ހަގީގަތުގެވެސް އޭނަ އެހުރީ ދެރަވެފައިކަން އެނގުނެވެ.
“އެހެންބުނާނެ، އެކަމަކު ޔޫހާ ދިޔައީމަ ދެން ނާދެވޭނެ، ޒައުލް ގަބޫލެއްނުވާނެ…. އަނެއްކާ އަހަރެން ގުޅާލިޔަސް ބުނާނެ ބިޒީއޭ ފަހުން ދޯއޭ، އެއީ ދެން އެންމެން ދައްކާ ބަހަނާއެއްނު…” އަފްލީން އަދިވެސް ޔޫހާގެ އަތުން ދޫކޮއްނުލާ ގަޔާކައިރިކޮށް ހިފަހައްޓާލައިގެން ހުރެ ބުންޏެވެ.
“ހަމަ ތެދެއްމިބުނީ، އަހަރެން އަންނާނަން އަފޫ ގާތަށް، ޔަގީނުންވެސް ހަފްތާއަކު އެއްދުވަހު އަންނާނަން، ކިޔާން ގޮވައިގެން، އެދުވަސް އެކީގައި އަހަރުމެން ދެމައިން ހޭދަކުރާނީ އަފޫ އާއި ޝާއިން އާއިއެކު… ދެން މޫޑީނުވެ ހީލަބަލަ” ޔޫހާ ކުޑަކޮށް އަފްލީނާއި ދިމާލަށް އެނބުރިލަމުން ބުނެލިއެވެ.
“ޕްރޮމިސްތަ” އަފްލީން ދުރަށް ޖެހިލާފައި ޔޫހާ އާއި ލޮލާ އަމާޒުކޮއްލާފައި އަހާލިއެވެ. ޔޫހާ އަވަސް އަވަހަށް އާއެކޭ ބުނުމުގެ ގޮތުން ބޯޖަހާލިއެވެ. އަފްލީން ޔޫހާގެ ގައިގާ ބައްދާލިއެވެ. އެންމެ ފަހުފަހަރަށް އޭނަގެ ދައްތަ އާއި ވަގުތީ ވަކިވުމަކުން ވަކިވާން ޖެހުމުން ހިތްނުތަނަވަސްވެފައިވާ ހާލުގައެވެ. ނަމަވެސް އޭނަ ހުރީ ޔޫހާއަށްޓަކައި އުފަލުންނެވެ. ޒައުލްފަދަ މީހެއްގެ އަންބަކަށް ވުމަކުންނެއް ނޫނެވެ. ޔޫހާގެ މޫނުމަތިން ފެންނަ ހިތްހަމަޖެހުމުގެ ހިނިތުންވުމުގެ ސަބަބުންނެވެ. ޝާއިންގެ ކޮނޑަށް އަތްވައްޓާލައިގެން ހުރެ ޒައުލް އެމީހުންނާއި ދިމާލަށް އައެވެ.
“ޒައުލް…” ކުއްލިއަކަށް ކޮޓަރީގެ ދޮރުގައި އަތްއަޅާ ބާރަށް ކޮއްޕާލުމާއިއެކު ލާއިގާ ހަޅޭލަވައިގަތެވެ. ކައިރީގައި ހުރި މަންސޫރާއި މާމަދަރިފުޅު އިލާކުވެސް ދިޔައީ ސިހިގެންނެވެ. މިނޫނީ ދުވަހަކުވެސް ލާއިގާ ބާރަށް އެއްޗެއް ބުނަނިކޮށް އީލާކް އަޑެއް ނާހައެވެ. އެންމެގިނައިން ލާއިގާ ރުޅި އަންނަނީ އޭނަދެކެއެވެ. އޭނަގެ ކޫސަނި ބޮޑާހޭކުމާއި ހެދިއެވެ. ނަމަވެސް ދުވަހަކުވެސް އަޑުގެކޮޅަށް ހަޅޭލަވާފައެއްނުވެއެވެ.
“މާމަ…” ޝާއިންގެ ގޮނޑުން އަތްނެގުމާއިއެކު ދޮރާދިމާލަށް ޒައުލްއަށް އެނބުރެވުނެވެ. ޒައުލްގެ ދާދި ގާތުގައި ހުރި ޝާއިންއަށްވެސް ވީ ހަމައެހެންނެވެ. ލާއިގާގެ އަޑާއިއެކު އަފްލީނާއި ޔޫހާވެސް އެދިމާލަށް އަތުވެއްޖެއެވެ. އެދެމީހުން ޒައުލް އާއި ޝާއިންގެ ވާތްފަރާތުގައި ދެތިންފިޔަވަޅު ފަހަތުގައި މަޑުކޮއްލައިގެން ތިއްބެވެ.
“ދަރިފުޅު މޮޔަވީތަ، މީ ކޮންކަމެއްތަ…” ލާއިގާ އައިސް ޒައުލްގެ ކުރިމަތީ ހުއްޓެމުން ބާރަށް ބުންޏެވެ.
“ޔޫހާ އަކީ މިހާރު އަޅުގަނޑުގެ އަންހެނުން” ޒައުލްއަށް ކުޑަނަމަވެސް ހާސްކަމެއް ލިބިފައިވިއެއްކަމަކު ފަސްޖެހުމެއްނެތި ލާއިގާ އާއި ކުރިމަތިލިއެވެ.
“ތިހިރީ ހަމަ ރަނގަޅަށްވެސް މޮޔަވެފަ، އަހަރުމެންނާ އޭނަ އާއި އަޅާކިޔޭނެތަ، މިކަމެއް ކުރުމުގެ ކުރިން މީހުން ދެކޭނެ ގޮތަކާއިމެދުވެސް ވިސްނާލިނަމަ، ކިހާ ނަސޭޙަތެއް ޒައުލްއަށް ދެވުނު، މާމަގެ އެއްވެސް ވާހަކައަކުން މިސިކުނޑި އަށާއި ހިތަކަށް އަސަރެއް ނުކުރިތަ…” ލާއިގާ ޒައުލްގެ ނިތްކުރީގަ އާއި މޭގައި އިނގިލަތަކުގެ ކުރިން ޖަހާލިއެވެ. ޒައުލް އެއްވެސް އެއްޗެއް ނުބުންޏެވެ. އޭނަ ލާއިގާ އާއި ޒުވާބު ކުރާކަށް އެއްގޮތަކަށްވެސް ބޭނުމެއްނުވެއެވެ.
“ޒައުލް، އާއިލާ އާއިމެދު ވިސްނާލިނަމަ، މާމަ ބުނާގޮތަށް ހެދުމަކުން ކަމެއް ގޯހެއްނުވާނެ” މަންސޫރު ބުނިއެއްޗަކުން ލާއިގާއަށް އިތުރަށް ހިތްވަރު ލިބުނެވެ. އޭނައަށް އެތަނުގައި ޝާއިން އާއި އަފްލީން ހުރިކަންވެސް ފާހަގަވިހެނެއް ހިޔެއްނުވެއެވެ. ހަޅޭލަވަމުން ޔޫހާ އާއި ދިމާލަށް ދިޔައެވެ.
“މަގޭ ދަރި ލޫޓުވާލަން ގަސްދުކޮއްގެން ދޯ ތިއުޅެނީ، އަދި ރީތި ހެދުން އަޅާފަ އަގުބޮޑެތިހާ ގަހަނާ އެޅުމަކުން މީހާ ރީތިވީކީ ނޫނޭ….މަގޭ ދަރީގެ ބޮލަށް ސަވާރުވިގޮތަށް ފައިބާކަށްވެސް ނޭނގުނު މީޗަކަށް، މީ ހަމަ ރާއްޖެތެރޭ އެއްޗެހިންގެ ފާޑު…މާލެ އާދެވުނީ ދެންބަލާނީ އަވަހަށް މާލޭގަ ގޯއްޗެއް އޮތް ފައިސާވެރިއަކު އަތުއަޅުވާލެވޭތޯ….ކަލޭގެ ތިރޭވުންގަނޑެއް ކާމިޔާބުވިކަ އަހަންނެއް ނުދޭނަން…. ޒައުލްއަށް ޖެހޭނީ ކަލޭ ވަރިކުރަން… އޭނަ ވަރިކުރޭ ޒައުލް….ވަރިކުރޭ….އަދި އެބަހުއްޓެއްނު މާ މައުސޫމު މީހެއްހެން އިސްޖަހައިގެން…ކަލެއަކާ މިކަހަލަ އަގުބޮޑު އެއްޗިއްސަކާ ނުގުޅޭ…” ކުއްލިއަކަށް ފެނުނީ ލާއިގާ ޔޫހާގެ ކަރުގައި އޮތް ދޯޕައްޓާ ދަމައިގަތްތަނެވެ. ސިހިގެން ގޮސް ބިރުގަތް ޔޫހާއަށް އޭނަގެ ދޯފައްޓާގައި ހިފައްޓާލެވުނެވެ. ނަމަވެސް ލާއިގާ އެއްއަތުން ނުވުމުން ދެއަތުން ހިފާދަމައިގަތެވެ. އެއާއިއެކު ތޫނު ތަދެއް ޔޫހާގެ ކަރަށް އިޙްސާސްކުރެވިގެންދިޔައެވެ. ތުނުތުނި ދޯޕައްޓާގައި ހުރި އެސްތަކާއި ފޮތީގެ ތޫނުކަމާއިއެކު ޔޫހާގެ ކަރު ކުޑަކޮށް ހަލާކުވީއެވެ. ބިންމައްޗަށް ދޯޕައްޓާ އެއްލާލުމާއިއެކު އެނުވެއްޓެނިސް ޔޫހާގެ ކަރުގައި އޮތް ފީރޯޒުގެ ބޮޑު ހާރުގައި ހިފާ ދަމައިގަތެވެ. އެންމެންގެ ދެލޯ ބޮޑުވެފައިވެއެވެ. ލާއިގާގެ ހަރަކާތްތައް ވަރަށް އަވަހެވެ. މަންސޫރު އާއި ޒައުލްއަށް ދެވުނީ ލާއިގާ އާއި ދިމާލަށެވެ. ހަދާނެގޮތެއް ނޭނގިފައި ހުރި އަފްލީނަށް ޔޫހާގެ ގައިގާ އެއްފަރާތަކުން ބާރަށް އޮޅުލައިގަނެވިއްޖެއެވެ. ލާއިގާގެ އަތްއޮތީ ޔޫހާގެ ކަރުގައި އޮތް ހާރުގަ ހިފަހައްޓާފައެވެ. ޔޫހާވެސް އޭނަގެ ކަރުގައި އޮތް ހާރުން ލާއިގާގެ އަތްނައްޓަން މަސައްކަތް ކުރިއެވެ. އެކަމަކު އެކަންވީ ނާކާމިޔާބެވެ. ބަލަބަލާހުއްޓާ ހާރުގެ އެކިއެތިކޮޅު އެކިތަނަށް ބުރައިގެން ގޮސް ކަރުން ސޮއްސައިލައިގެން ދެން އޮތްބައިވެސް ވެއްޓިޖެއެވެ. އެހިނދު ސިހުމުގެ “އާހް” އެއްގެ އަޑު ޔޫހާގެ އަނގައިން ނުކުތެވެ.
“މަންމާ…” މަންސޫރުގެ އަޑު ކޮތަރިތެރޭ ގުގުމައިގެން ދިޔައެވެ. ޒައުލްއަށް މަންސޫރުއަށް ބަލާލެވުނެވެ. އޭނަގެ ބައްޕަގެ ހަރުކަށިކަމުން ފުރިގެންވި އެއަޑު މީގެކުރިން ނީވުނީ ކީއްވެބާއޭ ޒައުލްގެ ހިތުގައި ސުވާލު އުފެދުނެވެ. ލާއިގާ ބޭނުންގޮތަކަށް ހުރިހާ ކަމެއް ނިންމާއިރު އެއްފަހަރުވެސް ޒައުލްގެ ނަޒަރުން އޭނަގެ ބައްޕަ ވިސްނާލާނެ ނަމައޭ އޭނަގެ ހިތަށް އެތަށް ފަހަރަކު ވަނީ އަރާފައެވެ. މިވަގުތު މަންސޫރު އޭނަގެ ނިންމުމާއި އެއްކޮޅަށް ހުންނާނެހެން އޭނައަށް ހީވީ ކީއްވެކަމެއް ނޭނގެއެވެ. ލާއިގާގެ ގައިގާ ހިފައިގަނެގެން އޭނަގެ ހުރި ހަމައެކަނި ދަރިފުޅާއި މާމަދަރިފުޅު އޭނަ ދުރުކުރަން އުޅުނެވެ. އެހެންނަމަވެސް އޭނަވެސް ގަދަހެދިއެވެ. ޔޫހާގެ ގަޔަށް އަތްއެއްލަނިކޮށް ދެންހިފުނީ ޔޫހާގެ ކަރުވަޅުގައެވެ. އަފްލީންއަށްވެސް އެތަންފެނި ލައިގާގެ އަތުގައި ހިފެހެއްޓިއެވެ.
“ރާސް….” އެއަޑާއިއެކު ޔޫހާގެ ކަރުވަޅުން ހެދުމުގެ އަތާދިމާލަށް އެއްފަރާތުން އިރައިގެން ދިޔައެވެ. އެއާއިއެކު ޔޫހާގެ ހަޅޭކުގެ އަޑުވެސް އިވުނެވެ. ޒައުލްއަށް މަޖުބޫރުވީ ލާއިގާގެ އަތުގައި ހިފައިދަމައިގަންނާށެވެ. އަދި ލެވުނު ހާ ބާރަކާއިއެކު ލާއިގާގެ ގައިގާ ހިފާ ދުރަށް ޖައްސާލިއެވެ. ލާއިގާއަކީވެސް އިސްކޮޅުން ބޮޑު އަންހެނެކެވެ. ޒައުލްގެ އެހަރަކާތުން ލާއިގާއަށް ބުނާނެއެއްޗެއް ނޭނގުނެވެ. ސިހިފައި ޒައުލްއަށް ބަލަހައްޓައިގެން ހުރެވުނީއެވެ. ދުރުގައި ހުރި އީލާކްއަށް ޔޫހާގެ ހާލުފެނުމާއިއެކު އަނގަމަތީ އަތްއަޅާލެވުނެވެ. އިރައިގެންގޮސްފައިވާ ބައިން ޔޫހާގެ ހާމަވެފައިވާ މޭމަތީގެ އެއްފަރާތް ނިވާކުރެވޭތޯ އޭނަ މަސައްކަތްކުރީ އެންމެނަށް ފުރަގަސްދީގެން ހުރެއެވެ. އޭރު އޭނަގެ ދެލޯ ފުރެމުންދިޔައެވެ. ޒައުލް ލާއިގާ ގައިން ދޫކޮއްލުމާއިއެކު ބިންމައްޗަށް ވެއްޓިފައި އޮތް ދޯޕައްޓާ ހިފައިގެން އައިސް ޔޫހާ ގައިގާ އޮޅާލަން އުޅުނެވެ. އެހިނދު ޔޫހާ ދުވެފައި ގޮސް ފާހާނާއަށް ވަދެ ދޮރުލައްޕާ ތަންޑުއެޅުވި އަޑުއިވުނެވެ. ޒައުލްގެ މޫނުމަތިން ރުޅިވެރިކަން ފާޅުވިއެވެ.
“މާމަ ކޮންމެ އެއްޗެކޭ ބުންޏަސް ޔޫހާ އަކީ އަޅުގަނޑުގެ އަންހެނުން، ދުވަހަކުވެސް ވަރިއެއް ނުކުރާނަން، މާމައަށް ކަމުނުދިއުމަކީ އަދި އެހެންކަމެއް، އަޅުގަނޑު ބޭނުމެއްނޫން ޔޫހާގެ ގައިގާ މާމަ ދުވަހަކުވެސް އަތްލާކަށް… މާމަ އާއި ޔޫހާ ހިޔާރުކުރަން ޖެހިއްޖެނަމަ އެކަންވެސް އަޅުގަނޑު ކުރާނެކަން ހަނދާންކުރާތި…” ޒައުލްގެ އަޑުގައިވި ހިތްހަމަނުޖެހުމާއި ރުޅިވެރިކަން މަންސޫރަށް ނަގައިގަނެވުނެވެ. އިތުރަށް އެތަނުގައި މަޑުކުރާނަމަ ކަންތައްތައް ވަރަށް ގޯސްވެދާނެކަމުގައި މަންސޫރަށް ހީވީއެވެ.
“މަންމާ…ހިނގާ ގެޔަށް، މިތާނގަ މަޑުކުރާނެކަމެއްނެތް” މަންސޫރު އަޑުހަރުކޮށް ބުނެލިއެވެ.
“ދަރިފުޅުމެންގެ މަންމަ ތިކުދިން ކުޑަކުޑައިރު ދޫކޮއްލާފަ ދިޔައީމަ އަހަރެން ކަލޭމެންބެލީ މިގޮތަށް އުޅެންތަ، އެބަ ފެނެއެއްނު މަންސޫރު… ކަލޭ ނިކަން ދެކިބަލަ، ހުރި ހަމައެކަނި ފިރިހެން ދަރީގެ ގައިގަ އެވަނީ އޭނަ މަންމަގެ ކިލަނބުވެފައިވާ ލޭ…. އެނުބައި ހަރުފައިގެ ވިހަ މިފެންނަނީ…. އަނެއްކާވެސް އެކަހަލަ ހަރުފައެއްގެ ވިހައިގެ އަސަރު ފެންނަންނަން މިއުޅެނީ، އެކަހަލަ ދުވަހެއް އަލުން ބަލަން ޖެހިދާނެތީ އެކަމާ އަހަރެން ހުރީ ބިރުން، އެކަމަކު މިފެންނަނީ އަލުން އެކަންތައް ތަކުރާރުވާތަން، ޒައުލްއަށް ޖެހޭނީ އަހަރެން ޒައުލްއަށް ކޮއްދިން ހުރިހާ ކަމެއްގެ އަގު އަދާކުރަން…” ލާއިގާ އަދިވެސް އަޑުގަދަ ކުރަނީއެވެ. ރުޅި އާއިއެކު މީހާ ދާހިތްލާ ފޯވެ އޭނަގެ ދެލޯވެސް ރަތްވެފައި ހުއްޓެވެ.
“މަންމާ…” މަންސޫރު އަނެއްކާވެސް ލާއިގާއަށް ބާރަށް ގޮވާލީ ދެން ހުއްޓާލާށޭ ބުނާ ކަހަލަ ގޮތަކަށެވެ. އަދި ލާއިގާގެ ގައިގާ ހިފަހައްޓައިގެން އެކޮޓަރިން ނުކުމެއްޖެއެވެ. ނުކުންނަމުން އީލާކުއަށްވެސް ގޮވިއެވެ. އޭނަ ހުރީ ލިބުނު ސިހުމާ ހައިރާންކަމާއިއެކު ބުނާނެ އެއްޗެއް ނޭނގިފައެވެ. ބަސްއަހައިގެން އަވަސް އަވަހަށް މަންސޫރުގެ ފަހަތުން ހިނގައިގަތެވެ.
އައިސްފަ ހުރި ރުޅިން ދޮރު ބާރަށް ޖެހުމާއިއެކު ބޮލުގެ އިސްތަށިގަނޑުގައި އަވަސް އަވަހަށް އަތްހާކާލަމުން ޒައުލް ޗޮކެއް ކަނޑާލިއެވެ. ކިޔާން ހޭލައިގެން އުޅޭކަންވެސް އޭނައަށް އެނގުނީ ފާހާނާ އާއި ދިމާލަށް އައުމުންނެވެ. އޭރު ޝާއިން ކިޔާން އުރާލައިގެން އެނދުކައިރީ ހުއްޓެވެ.
“އައި އެމް ސޮރީ…” ޒައުލް ޝާއިންއަށް ބަލާލަމުން ބުނެލިއެވެ. އެހުރިހާ ކަމެއް ޝާއިން އާއި އަފްލީންގެ ކުރިމަތީ ހިނގީމައެވެ. އެއީ އޭނަ ބޭނުންވިގޮތެއް ނޫނެވެ.
“އަހަންނަށް ކުރިންވެސް އެނގޭ ޒައުލްގެ މައިންބަފައިން ގަބޫލުވެގެން ކުރެވޭ ކައިވެންޏެއް ނޫންކަން މީ، އެކަމަކު މިވަރު ވާނެއެކޭ ހިތަކަށް ނާރާ….އަވަހަށް ޔޫހާ އޯކޭ ވޭތޯ ބަލަންވީނު….އަހަރުމެންނަށް ލަހެއްނުވޭ…” ރޮމުން ދިޔަ ކިޔާން ގޮވައިގެން ހުރެ ބުނެލިއެވެ.
“ޔޫހާ އާއި އަހަރެން ވާހަކަ ދައްކާނަން، ޝާއިންމެން ގެއަށް ދާންވީނު…. މިރޭ އަހަރުމެން މިކޮޅުގައެއް ނޫނެއްނު ތިބޭނީ، ހެނދުނުން އެކޮޅަށް ދާން ފުރުންވެސް އޮތީ، ގެނޭ ކިޔާން މަގޭއަތަށް” ޒައުލް ބުނެލިއެވެ. ޝާއިން ޒައުލް ބުނިއެއްޗަކަށް ބޯޖަހާލުމާއިއެކު ޒައުލްއަށް ކިޔާން ދިއްކޮއްލައިފިއެވެ. އެހިނދު ކިޔާންވެސް ޒައުލްގެ އަތުގެ ތެރެއަށް ދިއުމަށް އަތްދިއްކޮއްލީ އެކަމަށް ނުހަނު ބޭނުންވެފައި ހުރި ހެންނެވެ.
“އޯ މައި ގޯޑް… ވަޓް ޖަސްޓް ހެޕެން” ޝާއިން އެކޮޓަރިން ނުކުތުމަށް ހިނގައިގަންނަމުން އަފްލީނަށްވެސް އައުމަށް އިޝާރާތް ކުރުމުން އޭނަގެ ދަބަސް ހިފައިގެން އައިސް ޝާއިން އާއި އަރާހަމަވުމުން ބުނެލިއެވެ. އެއާއިއެކު ޝާއިން އޭނަގެ ލޮލުގެ އިޝާރާތުން އެވާހަކަ ނުދެއްކުމަށް ބުންޏެވެ. އަފްލީން އިތުރަށް އެއްޗެއް ބުނަން އުޅެފަވެސް ފަހަތުން އައި ޒައުލްއަށް ބަލާލާފައި ހިނިތުންވެލަމުން އަވަސް އަވަހަށް ޝާއިން އާއިއެކު ހިނގައިގަތެވެ.
ޒައުލް ކޮޓަރީގެ ދޮރު ލައްޕާ ތަޅުލުމަށްފަހު ކިޔާން އުރާލައިގެން ހުރެ އޭނަ އާއި ވާހަކަދައްކަމުން ސޯފާ އާއި ދިމާލަށް އައެވެ. އަދި އެތަނުގައި ހުރި އެންމެ ބޮޑު ސޯފާގައި އިށީނދެ ފައިދަމާލާފައި އުނގުގައި ކިޔާން ބޭންދުމަށްފަހު ބައްދާލިއެވެ. ކިޔާން ޔޫހާ ކޮބާތޯ ސުވާލު ކުރަން ފެށުމުން ޔޫހާ ފާހާނާގައި ކަމަށް ބުނެ ޒައުލް ކިޔާން ހަމަޖައްސާލިއެވެ. އަދި ކިޔާންގެ ގާތު ލޯމަރާލައިގެން އަވަހަށް ނިދާލުމަށް ބުންޏެެވެ. ގިނައިރުތަކެއްނުވެ ކިޔާންގެ ހަށިގަނޑު ޒައުލްގެ އަތުގެތެރެއަށް ދޫވެގެން ދިއުމާއިއެކު ދަރިފުޅު ނިދީކަން ޒައުލްއަށް ޔަގީންވިއެވެ. އަވަސްވެފައިވާ ހިތަކާއިއެކު މަޑުމަޑުން ތެދުވެ އެސޯފާގައި ކިޔާން ބާއްވާލިއެވެ. ކުޑަވަރެއްގެ އެނދެކޭ އެސޯފާއެކޭ އެއްވަރެވެ. ކިޔާންއަށް އުނދަގުލަކާއި ނުލާ އެތަނުގައި އޮވެވޭނެކަން ޒައުލްއަށް އެނގޭތީވެ އޭނަ ދެން އަވަސްވެގަތީ އެނދު ކައިރީ ހުރި ކަބަޑަކާއި ދިމާލަށް ދިއުމަށެވެ. އެކަބަޑުގެ ތެރެއިން ބޮޑު ރަޖައެއް ނެގުމަށްފަހު އެނދުމަތިން ކުޝަން އެއް ހިފައިގެން އައިސް ކިޔާންގެ ބޯދަށަށް ލައްވާލުމާއިއެކު ގައިގާ ރަޖާއަޅާ ފޮރުވާލައިފިއެވެ.
“ޔޫހާ…” އުނަގަނޑުގައި އެއްއަތް ވިއްދާލައިގެން ފާހާނާގެ ދޮރުމަތީ ހުރެ ޒައުލް ގޮވާލިއެވެ. ނަމަވެސް އެއްވެސް ޖަވާބެއް ނައެވެ. ޔޫހާ އާއިމެދު ކަންތައްވީގޮތުން ޒައުލް ހުރީ ވަރަށް ދެރަވެފައެވެ. މާމަ ޔޫހާ ދެކެ ރުޅި އަންނަ ސަބަބަކީ ޒައުލްއަށް އެއްގޮތަކަށްވެސް ގަބޫލުކުރެވޭ ފަދަ ސަބަބެއްނޫނެވެ. ޔޫހާ އޭނައަށް އެއްވެސް ކަމަކަށް މަޖުބޫރެއް ނުކުރުވައެވެ.
ދެވަނަ ފަހަރަށްވެސް ޒައުލް ޔޫހާއަށް ގޮވާލިއެވެ. މިފަހަރު ފާހާނާގެ ދޮރުގެ ތަޅުގައި ހިފާލުމާއިއެކު މަޑުމަޑުން ޓަކިވެސް ޖަހާލިއެވެ. އަދި އާދޭހުގެ ރާގެއްގައި މާފަށްވެސް އެދުނެވެ.
ލޯގަނޑު ކުރިމަތީ ހުރި ޔޫހާގެ ދެލޮލަށް ރުއިމުގެ ސަބަބުން މަޑު ރަތްކުލައެއް އަރާފައި ހުއްޓެވެ. އޭނަގެ ލޮލުގައި ގިނަފަހަރެއްގެ މަތިން އަތްހޭކުމާއިއެކު ކޮއްފައި ހުރި މޭކަޕްވެސް ވަނީ ލޯކައިރިއަށް ފޭދި މޫނުމަތި ހަޑިވެފައެވެ. ހެދުމުގެ އިރައިގެން ގޮސްފައިވާ ބައިގައި ހިފަހައްޓާލައިގެން ހުރެ ޔޫހާ ލޯގަނޑުން އަމިއްލަ ސޫރައަށް ބަލަހައްޓައިގެން ހުއްޓެވެ. އަދި އަނެއް އަތުން ކަރުގައި ހަންގޮސް ކުޑަކޮށް ލޭއަންނަގޮތްވެފައި ހުރި ތަންތަނުގައި ޓިޝޫކޮޅެއް ޖައްސާލައިގެންނާއި އެކުއެވެ. އާކައިވެނީގެ ރެއަކީ ފިރިމީހާގެ އަތުން ނޫނީ އަންހެންކުއްޖާގެ ގައިގާ ކޫރުމެއްވެސް ނޭޅޭނެރެއެކެވެ. އެރޭ އަނބިމީހާގެ ހަށިގަނޑު ހާމަވެގެންދާނީވެސް ފިރިމީހާގެ ގާތުގައެވެ. ލަދުންގޮސް އިސްޖަހާލެވުމާއިއެކު ލޯބީގެ މީރުކަމާއި ކައިވެނީގެ ލައްޒަތުން ދެލޯ ކަރުނުން ފުރިގެންދަނީވެސް އެރެއެވެ. ނަމަވެސް ޔޫހާއަށް ކަންތައްމިވީ އެހެނެއްނޫނެވެ. ހަށިގަނޑުގައި ލަކުނެއްލެވުނީ ފިރިމީހާގެ އަތުންނެއްނޫނެވެ. އެހަށިގަނޑުގެ ބައެއް ހާމަވެގެން ގޮސް ލަދުގަންނަން ޖެހުނީ ހަމައެކަނި ފިރިމީހާގެ ކުރިމަތީގައެއްނޫނެވެ. ރޮވުނީ ލިބުނު އުފަލަކުން ނޫނެވެ. ދުވަހަކުވެސް މީހަކު އޭނަ އާއި ދޭތެރޭ ކަންތައް ނުކުރާހާ ދަށުދަރަޖައަކުން ކަންތައް ކުރުމުންނެވެ. ހިތަށް ކުޅަދާނަނުވި ހިނދު އެދެލޮލުން ކަރުނަތައް ބަންޑުންވީއެވެ. ފިރިމީހާ އާއި ކުރިމަތިލާންވެސް ނުކެރުނީއެވެ. ހިތަށް ކުރި އަސަރެއްގެ ބޮޑުކަމުންނެވެ. ޒައުލްގެ އަނބިމީހާއަށް ވީހިނދު އެހެންބައެއްގެ ތެރެއަށް އޭނަވީ ފުރަތަމަ ބޭޒާރަށް އެކަންވީތީއެވެ. ހުދު އޭނަވެސް ލާއިގާގެ ޢަމަލުތައް އެހިސާބަށް ގޮސްދާނެއެކޭ ހިޔެއްނުކުރެއެވެ.
“ޔޫހާ…ޕްލީޒް…ދެން ދޮރުހުޅުވާ” ޒައުލްގެ ކެތްތެރިކަން ކުޑަވެފައިވާ އަޑުއިވުނެވެ. މުޅިރޭ އޭނައަށް އެގޮތަށް ފާހާނާގައި ނީނދެވޭނެކަން ޔޫހާއަށް އެނގެއެވެ. މޫނުދޮންނަ ތަށީގެ އިސްކުރަށް އަތްދިއްކޮއްލުމާއިއެކު އޮހިގަތް ފެންތަކުން ދެއަތް ތެތްމާލިއެވެ. އަދި ފެންގޮއްޓަކުން މޫނު ތެތްމާލުމަށްފަހު ޓިޝޫ ރޯލުން ބައެއް އަތަށް އޮޅާލާފައި ރޯލާއި ވަކިކޮއްލަމުން އޭގެން މޫނުފޮހެލިއެވެ. މޫނުގައިވާ މޭކަޕްތައް ސާފުކުރެވޭ އެންމެ ބޮޑަކަށް ސާފުކޮއްލުމަށްފަހު ތެތްޓިޝޫކޮޅަކުން ކަރުގެ ހަލާކުވެފައި ހުރި ތަން ސާފުކޮއްލިއެވެ. ފުންނޭވާއަކާއިއެކު ދެލޯމަރާލާފައި ޔޫހާ އެނބުރުނީ ފާހާނާގެ ދޮރާ ދިމާލަށެވެ. އަދި ހެދުމުގެ އިރައިގެން ގޮސްފައި އޮތްބައި މޭގައި ޖައްސާލައިގެން ހުރެ ފާހާނާގެ ދޮރުގެ ތަންޑު ނެއްޓުމައްފަހު މަޑުމަޑުން ހުޅުވާލިއެވެ. ޒައުލްއަށް ޔޫހާ ފެނުމުން ބަސްހުއްޓުނު ކަހަލައެވެ. އޭނައަށް ޔޫހާ އާއި ދިމާލަށް ބަލަހައްޓައިގެން ހުރުން ނޫންކަމެއް ނުކުރެވުނެވެ. ޒައުލްގެ އެބެލުން ޔޫހާއަށް އުނދަގޫކުރުވިއެވެ. ޔޫހާއަށް އޭނަގެ މޭގައި ދެއަތްއަޅާ ފޮރުވަން މަސައްކަތްކުރެވުނީ ކީއްވެކަމެއްނޭނގެއެވެ. ޒައުލް މަޑުމަޑުން ޔޫހާގެ އަތްތިލާގައި ހިފާ ތިރިކޮއްލިއެވެ. އެއްއަތް ތިރިކޮއްލާއިރަށް އަނެއްއަތުން ހެދުމުގެ އިރައިގެން ގޮސްފައިވާ ބައިގައި ހިފަހައްޓައެވެ.
“ޔޫހާ…” ޒައުލްގެ ފިރިހެންވަންތަ ބަރު އަޑުން ޔޫހާއަށް ގޮވާލިއިރު އެއަޑުގައި މަސްތުކަމެއް އެކުލެވިފައިވެއެވެ. ޔޫހާ އިސްފުލާ ޒައުލް އާއި ހަތަރުކަޅި ހަމަކޮއްލީ ޖެހިލުންވެފައި ހުރެއެވެ. ޒައުލް ޔޫހާގެ އަތްތިލާގައި ހިފާ ބާރުކޮއްލުމާއިއެކު އަނެއްއަތުން އެކުޑަކުޑަ މޫނުގެ ކޯތާފަތުގައި ފިރުމާލިއެވެ. ޔޫހާއަށް ކުރެވިގެންދިޔަ އިޙްސާސަކުން ހިތުގެ ހިނގުން ކުރިއަށްވުރެވެސް އަވަސް ކުރިވިއެވެ. ޒައުލް ޔޫހާގެ އަތުގައި ހިފައިގެން ހުރެ އޭނަ ގެެނެސް މަޑުމަޑުން އެނދުގައި ބޭންދިއެވެ. ޔޫހާ ހަރަކާތެއްވެސް ކޮއްނުލާ އެނދުގައި ބޭންދި ބުދެއްހެން އިނެވެ. އެހެންނަމަވެސް އޭނަގެ ނަޒަރު ފަޅި ސިކުންތަކަށްވެސް ޒައުލްގެ ލޮލާ ވަކިކޮއްނުލައެވެ. ޒައުލްގެ ކޮންމެ ހަރަކާތެއް ލަސްވެފައި ކޮންމެ ބީހުލުމެއް ޔޫހާގެ ހިތުގެ އެންމެ ހިމަނާރަށްދަންދެން އަސަރުކުރުވައެވެ. ޔޫހާގެ މަޑުމަޑު ކޯތާފަތުގައި ބޮސްދެމުން ޒައުލްއަށް ޔޫހާގެ މޫނުގައި ހިފާލަން އުޅުމުގެ ތެރޭގައި ކަރުގައި ހަލާކުވެފައި ހުރި ތަނުގައި ޒައުލްގެ އަތްތިލަ ޖެހުނެވެ. “އާހް…” ޔޫހާއަށް ވަގުތުން ބުނެލެވުމާއިއެކު ޒައުލްގެ އަތްތިލާގައި ހިފާލެވުނެވެ. އެހާއަވަހަށް ޔޫހާއަށް ތަދުވީތީ ޒައުލް ހައިރާންވިއެވެ. ނޭވާ އިޙްސާސްވާހާ ކައިރިކޮއްލާފައިވާ ޒައުލްގެ މޫނު ޔޫހާގެ މޫނާ ދުރުކޮއްލުމާއިއެކު ޔޫހާ އޭނަގެ އަތްތިލަ ދުރުކޮއްލި ސަބަބެއް އޮޅުން ފިލުވުމަށް ޔޫހާގެ ކަރާދިމާލަށް ބަލާލިއެވެ. ހަމައެވަގުތު ޒައުލްގެ މޫނުމަތީގައިވި މަސްތުކަން ފިލާ ހިނގައްޖެއެވެ.
“ކޮންއިރަކު މިހެންވީ….އޭރު މާމަ…ޔޫހާ ކީއްވެ ނުބުނީ….ވަރަށް ތަދުވޭ ދޯ…މަޑުކުރައްޗޭ…” ޒައުލް ހާސްވެފައި ތެދުވަން އުޅުނެވެ. އެވަގުތު ޔޫހާ ޒައުލްގެ އަތުގައި ހިފާލިއެވެ.
“އިޓްސް އޯކޭ…” ޔޫހާ މަޑުމަޑުން މިހެން ބުނެލަމުން ޒައުލްގެ އަތްތިލައިގައި ދެއަތުން ހިފާލިއެވެ. އަދި އެއަތުގައި ބޮސްދިނެވެ. ދެންވެސް ޒައުލް ކަންބޮޑުވުމާއިއެކު ތެދުވަން އުޅުނެވެ. އެހިނދު ޒައުލްގެ އަތުގައި ހިފާލައިގެން އިން ޔޫހާ ޒައުލްގެ އަތްގެނެސް މޭގައި ޖައްސާލުމާއިއެކު ޒައުލްގެ ދަތްދޮޅީގައި ހިފާ އޭނަ އާއި ދިމާލަށް އަނބުރާލާފައި އެމޫނުގައި ފިރުމާލީ ވަރަށްވެސް ލޯބިންނެވެ. ޔޫހާ އާއިވަކިވިފަހުން އެތަށްއަހަރެއްފާއިތުވެފައިވީ ނަމަވެސް ޒައުލްގެ ހިތުގައި ކަނިވަމުންދިޔަ އިޙްސާސްތަކުގައި ހުޅުފަޅައިގެން ދިޔައީ މިރެއެވެ. ޒައުލްގެ ކަނޑެއްފަދަ ފުންލޮލުގައިވާ ބަލާލުން ބަދަލުވެގެންދިއުމާއިއެކު ޔޫހާގެ އަތުގެ އިނގިލިތަކާއި އޭނަގެ އަތުގެ އިނގިލިތައް ލާމެހިގެން ހިނގައްޖެއެވެ.
މިރޭ ޒައުލް އާއި ޔޫހާ އަކީ މިދުނިޔޭގައިވެސް ތިބި އެންމެ ނަސީބުވެރި ދެމަފިރިންކަމުގައި ޔޫހާއަށް އިޙްސާސްވެގެންދިޔައެވެ. ޒައުލްގެ ކޮންމެ ބީހުލުމަކާއިއެކު ލިބެމުންދިޔަ ބޮސްދިނުންތަކާއި ޔޫހާގެ ހަށިގަނޑުގައި ހިފާ ކައިރިކޮއްލާ ގޮތް ރަމްޒުކޮއްދެއްމުންދިޔައީ ހިނދުކޮޅަކަށްވެސް ޒައުލް ޔޫހާ އާއި ވަކިވާން ބޭނުންނުވާކަމެވެ. އޭނަ ޔޫހާދެކެ ވާލޯތްބެވެ. ޔޫހާއަށްޓަކައި ކިތަންމެ ބޮޑު ހަނގުރާމައަކާއިވެސް ފަސްޖެހުމެއްނެތި އޭނަ ކުރިމަތިލާނެކަމެވެ. ނަމަވެސް އެހުރިހާ ވާހަކައެއް ދެކެވެމުންދިޔައީ ފާޅުގައި ދެކެވެމުންދިޔަ ވާހަކަތަކަކުން ނޫނެވެ. އެދެމެދަށް ވެރިވެފައިވާ ހިމޭންކަމުގެ ބަސްމޮށުމަކުންނެވެ.
ރޮޒޭން ރޮވިފައިވާ އަޑާއިއެކު ޝާއިންއަށް ހުރިހާ ވާހަކައެއް ކިޔާދިނެވެ. ރޮޒޭނަށް ބުނެވުނު އެއްޗެއްގެ ސަބަބުން ނަތީޖާ ނުކުތްގޮތްވެސް ޝާއިން އޭނައަށް ކިޔާދިނެވެ. ވަރަށް ދެރަވެފައިހުރެއެވެ. އެހެންނަމަވެސް އޭނަ ރޮޒޭނަށް ރުޅި އިސްކުރާކަށް ގަސްދެއްނުކުރިއެވެ. އެކަމުގައި ހުދު އޭނަގެ ކުށެއްވެސްވާތީ އާއިއެކު އޭނައަކީ އެއްވެސް އިރެއްގައި ރުޅިގަދަ މީހަކަށް ނުވާތީއެވެ. އެއްފަހަރުވެސް ޝާއިން ރޮޒޭން ގާތު ޒައުލް އާއި ޔޫހާގެ ކައިވެނީގެ ވާހަކަ އެކަކު ގާތުވެސް ނުދައްކާށޭ ނުބުނެއެވެ. އެހެންވެ ރޮޒޭންއަށްވެސް ހީވި އީލާކްގެ ފޯނުކޯލެއް ލިބުމުން އެމީހުންނަށްވެސް އެކަން އެނގޭކަމަށެވެ. އީލާކްގެ ގާތު ކައިވެނި ހަފްލާއެއް ކުރިއަށްދާއިރު ގާތް ރަޙުމަތްތެރިންނަށް އަންގާލުމެއްނެތޭ ބުނެ އެވާހަކަ ފެށުނީވެސް އެހެންވެއެވެ. ރޮޒޭންއަށް އޮޅުމެއްގެ ތެރޭ ކުރެވުނު ކަމެއްކަމުގައި ވިޔަސް އޭނަ އެތަށް ފަހަރަކު އެކަމަށް މާފަށްއެދުނެވެ.
(ނުނިމޭ)