NUFILAANEY THIHADHAAN [Part 8]


ކާރުގައި ގެއަށް ދެވެންދެންވެސް އެއްޗެއް ނުބުނެ އިން ލާއިގާ ގޭގެ މައިދޮރުން އެތެރެއަށް ވަދެވުމާއިއެކު ހަރުކޮށް ހިނގާލާފައި ސިޑިން އަރައިގެން އެދިޔަގޮތަށް އޭނަގެ ކޮޓަރިއަށް ވަނެވެ. މަންސޫރު ޑްރައިވަރުގެ ގާތުގައި މިރޭ ދެން ބޭރަށް ނުދާނެކަން އަންގާލުމަށްފަހު ލާއިގާގެ ފަހަތުން ކަހަލަގޮތަކަށް ގޮސް އެކޮޓިރަށްވަނެވެ.

“މަންމާ…” އަދިވެސް މަންސޫރުގެ އަޑުގައިވަނީ ހަރުކަށިކަމާއިއެކު ރުޅީގެ އަސަރު އެކުލެވިފައެވެ.

“އަހަންނާ މިވަގުތު ވާހަކަދައްކަން އުޅޭނެ ކަމެއްނެތް، މިހުރިހާ ކަމަކީވެސް މަންސޫރުގެ ކަންތައް…” ލާއިގާ ރުޅި ގަދަވެފައި ހަޅޭލަވައިގަތެވެ.

“މަންމާ…މަންމައަށް ކަންތައްކުރެވުނީ ވަކިރަނގަޅަށްތަ، އެއަންހެންކުއްޖާ ޒައުލްގެ އަންބަކަށް މިހާރު ނުވާނެގޮތެއް އެއީ ނެތްގޮތެއް، ބޭނުންނުވިޔަސް ޒައުލްއެވަނީ އެފިޔަވަޅު އަޅާފަ، އެހެނޭ ކިޔާފަ މަންމަ ކަންތައްތިކުރީ ކިހިނެއް، އެ އަންހެން ކުއްޖާގެ ގަޔަށްލޮލަށްބޮލަށް އަރާއިރު އެތަނުގައި އެހެންބަޔަކު ތިބިކަންވެސް ވިސްނާލިނަމަ، އަނެއްކާ އެއީ އަންހެންކުއްޖެކޭ…އޭނަގެ ހެދުމާ އެއްޗެހި އިރާލާ….ޕިސް ޕިސް…އަޅުގަނޑު ދުވަހަކުވެސް ނުދެކެން މަންމަގެ ފަރާތުން އެފަދަ ކަމެއް، އަޅުގަނޑު ޒާރާނާ އާއި ކައިވެނި ކުރުމަކާ މިކަމަކާ ގުޅުމެއްނެތް…އަބަދު އަބަދު މަންމަ އަޅުގަނޑަށް ހަނދާންކޮއްދެމުންދިޔައީ މިދުނިޔޭގަވެސް އަޅުގަނޑަށް ކުރެވުނު އެންމެ ބޮޑު ކުއްކަމުގައި އެއީ…ޒަރާނާ އާއި ކައިވެނިކުރުން، ހުރިހާ ކުށަކަށް މާފުދެއްވާ ފަރާތުން މާފުދެއްވާއިރު އަދި އަދަށްވެސް މަންމަގެ ކުރިމަތީ އެކަންވަނީ މާފުނުދެވޭވަރުގެ ކުށަކަށްވެފަ….އެހެންނޫނަސް….” ކުއްލިއަކަށް ދޮރުގައި ޓަކި ޖަހާލުމާއިއެކު އީލާކް ލާއިގާގެ ކޮޓަރި ދޮރު ހުޅުވާފައި އެތެރެއަށްވަނުމުން ޒައުލް ވާހަކަދެއްކުން ހުއްޓާލިއެވެ.

“ދަރިފުޅު ކަމެއް ބޭނުންވީތަ؟” މަންސޫރު ވަގުތުން އޭނަގެ އަޑު ބަދަލުކޮއްލަމުން އޯގާތެރިކަމާއިއެކު ކުޑަކޮށް ދޮޮރުހުޅުވާލައިގެން ހުރި އީލާކަށް ބުނެލިއެވެ. އީލާކް އޭނައަށް މިފެންނަނީ ކޮންކަންތައްތަކެއްބާއޭ ހިތަށްއެރިއެވެ. އެއްކޮޅުން އޭނަގެ ލޯބިވާ ދޮންބެ އާއިލާ އާއިވަކިވާން މަސައްކަތްކުރަނީ ކީއްވެކަމެއް ނޭނގެއެވެ. ޔޫހާގެ ފަރާތުން އޭނައަށް ނުރަކަލެއްނެތްކަން އެނގޭއިރުވެސް އޭނަ ޔޫހާ އާއި ގަޔައެއް ނުވެއެވެ. އީލާކް އިރުކޮޅަކު ހުރުމަށްފަހު މަޑުމަޑުން ދެފަރާތަށް ބޯހޫރުވާލިއެވެ.

“ކަމެއްނެތިއްޔާ ދޭ ކޮޓަރިއަށް…” މަންސޫރު އަވަސް އަވަހަށް ބުނެލިއެވެ. އަދި އީލާކް އެކޮޓަރީގެ ދޮރުލައްޕާލުމާއިއެކު އޭނަ ލާއިގާ އާއި ދިމާލަށް އެނބުރުނެވެ.

“އަޅުގަނޑުބުނީ ޒަރާނާގެ ނުފޫޒެއް އަޅުގަނޑުގެ ކުދިންނަށް ނުފޯރާނެއޭ، ލޭގެ ގުޅުމަކުން އެކުދިންނާ ޒަރާނާއާއި ގުޅިފައިވިޔަސް އެކުދިން މީހުންނަށް ހެދީ މަންމަ، ޒަރާނާގެ ނުފޫޒު ފޯރާނަމަ އެކަން ފެނުނީހީ ލޫލުއާގެ ފަރާތުން، އެދަރިފުޅަށް ކަންތައްތައް އެނގޭވަރުވެފަ ހުއްޓަ ޒަރާނާ މިގެއިން ދިޔައީ، އެކަމަކު ލޫލުއާ ނޫޅޭ އޭނަގެ މަންމަ ބޭނުންވެގެންނެއް، އެހެންނޭ ކިޔާފަ އިލާކް…އެމަންޖެއަށް ނުވެސް އެނގޭނެ ޒަރާނާ އެކުއްޖާ ތިމަންމަގެ އަތަށް ދީފައި މިގެއިން ނުކުމެގެންދިޔަކަންވެސް، އެކަމަކު އެހެންތަ އީލާކް އެއުޅެނީ، އޭނަ ނޫނީ ޒަރާނާގެ ވާހަކަ ބޮޑުވަމުން އައިއިރު އެހި ކުއްޖެއް ނެތް…..ކޮންމެ ފަހަރަކު ޒަރާނާގެ ބޮލުގައި ހުރިހާ ކަމެއް އެޅުވުމަކުން ހައްލުވީކީނޫން، މަންމަ ނިކަން ވިސްނާލަބަލަ، މިރޭ ތިހިނގި ހާދިސާއިން އަޅުގަނޑުމެންނާ ޒައުލް އާއީ މިއޮތް ގުޅުން އިތުރަށް ހީނަރުވުން ނޫންކަމެއްނުވާނެ، އަޅުގަނޑު ބޭނުމެއްނޫން އެއްވެސް ދަރިއަކު އާއިލާ އާއި ގުޅުން ކަނޑާލާކަށް، އަޅުގަނޑާ ގުޅުން ކެނޑިގެން ދާކަށް….” މަންސޫރު ކުރިންވެސް ވާހަކަދެއްކި ރުންކުރުގޮތަށް ވާހަކަދައްކަމުންދިޔައެވެ. ލާއިގާ ދޭތެރެއަކުން މެދުކަނޑާލަން މަސައްކަތްކުރި ނަމަވެސް އެފުރުޞަތެއް މަންސޫރު ލާއިގާއަކަށް ނުދިނެވެ. އޭނަވަނީ ކަންތައްވީގޮތުން ވަރަށް ހިތްހަމަ ނުޖެހިފައެވެ. ލާއިގާ އަންހެނަކަށްވެ ހުރެ އެހެންއަންހެނެއްގެ ގަދަރު ކުޑަވާފަދަ ކަމެއް ކުރުމުން އެކަން އޭނަ ބަރުދާސްތުކުރަން ބޭނުންނުވަނީއެވެ. އެއްވެސް އިންސާނަކަށް އަނެއްއިންސާނާ ދެރަނިކަމެތިކޮއްލުމުގެ ހައްގެއްނޯވެއެވެ. ކޮންމެ ކަމަކަށްވެސް ހައްދަކާއި މިންގަނޑެއްވާނެއެވެ. މައިމީހާއެއްކަމަކު އޭނައަށްވެސް ކެތްވާނީ ވަކިވަރަކަށެވެ. މިރޭ ލާއިގާ ހެދީ ގޯހެއްކަން ކޮންމެހެންވެސް އޭނައަށް ވިސްނާދޭން މަންސޫރުބޭނުންވީއެވެ.

ފެންވަރާލައިގެން ނުކުމެ ތައްޔާރުވަމުންދިޔަ ޔޫހާގެ ހަރަކާތްތައްވަނީ އަވަސްކޮއްލާފައެވެ. ސަބަބަކަށްވީ ޒައުލް އޭނަގެ ފަހަތުގައި ހުރެ އަވަސްކުރުމަށް ކިޔާވަރުންނެވެ.

“ޕްލީޒް، ދެން ބުނެބަލަ…ކޮންތާކަށް ދާންތަ މިއުޅެނީ” ޔޫހާ ފަހުފަހަރަށް އަތުގެ އިނގިލިތަކުން އިސްތަށިގަނޑުގެ ބުޅިކަން ރީތިކޮއްލަމުން ލޯގަނޑުން ފެންނަން ހުރި ޒައުލް ގާތު އެހިއެވެ.

“ދިޔައީމަ ޔޫހާއަށް އެނގޭނެ” ހިނިއައިސްފައި ހުރެ ޒައުލް ޔޫހާގެ ފަހަތުން އުނަގަނޑުގައި ހިފާލުމާއިއެކު ތަޒާކަމާއި އިތުރު ދިރުމެއްވެރިވެފައިވާ ޔޫހާގެ ކޯތާފަތުގައި ބޮސްދިނެވެ.

ލުއިލުއި ހީނލުމަކާއިއެކު ޔޫހާ ޒައުލް އާއި ދުރަށް ހިނގައިގަތެވެ. އޭނައަށް ނޭނގި ޒައުލްވަނީ ވަރަށް ގިނަ ކަންތައްތައް ރާވާ ލާފާއެވެ. ކައިވެނި ކުރަން ހަމަޖެހުނު ދުވަހުގެ ކުރިން ޒައުލްވަނީ ޔޫހާ ގޮވައިގެން މާލޭގެ އެކިއެކި ފިހާރަތަކަށް ގޮސް ޔޫހާ އާއި ކިޔާންއަށް ބޭނުންވާނެ އެއްޗެހި ގަނެފައެވެ. އެދުވަހު އެކަމާ ސުވާލު ކުރުމުން ސަބަބެއްކަމުގައި ބުނީ، ކައިވެނިކޮއްގެން ޒައުލްގެ ކައިރީ އުޅެން އަޅަންވާއިރަށް ޔޫހާގެ އަތުގަ އާއި ކިޔާންގެ އަތުގައި ހުންނަން ބޭނުންވަނީ މުޅިން އާއެއްޗެހިކަމަށެވެ. އެހެންނަމަވެސް މިރޭ ޔޫހާއަށް ޒައުލް ޕެކުކޮށް ތައްޔާރުކޮއްފައި ހުރި ބޮޑު ފޮށި ފެނުމުން އެދުވަހު އޭނަ ދެއްކި ބަހަނާއަކީ ޔޫހާ އިތުރަށް ސުވާލުކޮއްފާނެތީ ބުނެލިއެއްޗެއް ކަން ޔަގީންވިއެވެ. ފޮށި ހުޅުވުމުގެ ބަދަލުގައި އެފޮށި ހިފައިގެން ޒައުލް އެއުޅެނީ ޔޫހާ އާއި ކިޔާން ގޮވައިގެން އެތަނުން ދާށެވެ. ދަނީ ކޮންތާކަށްކަން ނޭނގުނަސް ޔޫހާ ޒައުލްއަށް އިތުބާރުކުރިއެވެ.

“ކިޔާންއަށް ނިދިފައެއްނު އެއޮތީ…އޭނަ އެހާ ފަސޭހައިން ހެއެއްވެސް ނުލާނެ” ޒައުލް ނިދިފައި އޮތް ކިޔާން ނަގަން އުޅެން ފެށުމުން ޔޫހާ ބުނެލިއެވެ.

“ހޫމް، ފަސޭހައިން ހޭނުލަންޏާ މާ ރަނގަޅެއްނު، އޭރުން އަހަރުމެން ދާތަނަކަށް ދާފަހުންތާ ކިޔާންއަށް އެނގޭނީ…ޔޫހާ…އެނދުކައިރީ ހުރި ކަބަޑުގެ ތެރޭން ކުޑަ ރަޖައެއްގެނޭ، އެނދުމަތީ ބަހައްޓާފަ ހުރި ދަބަހުގެ ތެރޭގަ ހުންނާނެ ކިޔާން ލައްވަން ހޯދާފަ ހުރި ޖެކެޓުތަކުން ޖެކެޓުވެސް، އެވެސް ގެނޭ، ފަހަރެއްގަ ކިޔާންއަށް ފިނިވެދާނެ” ޒައުލްއަށް ދާން ހަމަޖެހިފައިވާ ތަން އެނގޭތީވެ ކުރީބައިގައި ސަމާލުވާންވީ ކަންތައްތައްވެސް އޭނަ ޔޫހައަށް އަންގާލިއެވެ.

ދަންވާ ވަރަކަށް ޕާކްވިއު ހޮޓެލްގެތެރެއަށް ވެރިވަމުންދިޔަ ހަމަހިމޭންކަން އިތުރުވެގެންދިޔައެވެ. ދޭއްޖަހަން ކައިރިވެފައިވަނިކޮށް ޒައުލްގެ ކޮޓަރީގައި މީހަކު ޓަކި ޖަހާލުމާއިއެކު ވަނުމަށް ޒައުލް ބުނެލިއެވެ. އެތެރެއަށް ވަދެގެން އައި ޖަމާލު ފެނުމުން ޒައުލް ފޮށި ދައްކާލިއެވެ. އަދި އެއާއިއެކު ގެންދާ އޭނަގެ ދަބަސްވެސް ދައްކާލިއެވެ. ޖަމާލްގެ ފަހަތުން ޒައުލް އާއި ޔޫހާ ކޮޓަރިން ނުކުތެވެ. ކޮޓަރި ތަޅު ލުމަށްފަހު ޔޫހާގެ އަތުގެތެރޭ ނިދާފައި އޮތް ކިޔާން ޒައުލް އުރާލިއެވެ. އަދި ޔޫހާގެ އުނަގަނޑުގައި ހިފާ ގާތްކޮއްލައިގެން ހުރެ ހޮޓެލްގެ ލިފްޓަށް އެރިއެވެ.

ޕާކްވިއު ހޮޓެލްގެ ލޮބީއިން ނުކުމެގެން ދިޔައިރު އެތަނުގައި ޑިއުޓީއަށް ތިބި ހުރިހާ ސްޓާފުންނަށް ވަނީ ވަރަށް ބޮޑު ހައިރާންކަމެއް ވެރިވެފައެވެ. ޔޫހާ އިސްޖަހާލައިގެން ހުރެ ޒައުލް އާއިއެކު ހޮޓެލްގެ ބޭރަށް ނުކުތެވެ. އެދެމީހުން ފެންނަ ކޮންމެ މީހަކަށްވެސް އެދެމެދުގައިވަނީ އާދައިގެ ގުޅުމެއްނޫންކަން އެނގޭހާވެއެވެ. ޒައުލްގެ ކާރުގެ ދޮރުފަތް ޖަމާލް ހުޅުވާލަ ދިނުމާއިއެކު ޔޫހާ ކާރަށް އެރިއެވެ. އޭނައަށް އެފަދަ ކަންތައްތަކުން އުނދަގޫވިއެވެ. އިއްޒަތާ އަރާމުގައި ދިރިއުޅުމަކީ ޒައުލް އާއި ހިލާފަށް އޭނައަށް އަދި ވަރަށް އާކަމެކެވެ. އޭނަ އާއިއެކު ކާރަށް އެރި ޒައުލް ހަމަޖެހިލުމާއިއެކު އަތުގެ ތެރޭ ކިޔާން ހަމަޖައްސާލިއެވެ.

އެއްނަންބަރު ފާލަން ކައިރީގައި އޮތް ލޯންޗަކަށް ޒައުލް އާއިއެކު ޔޫހާ އެރިއެވެ. ގިނައިރެއްނުވެ ލޯންޗު މަޑުކޮއްލީ ބޮޑު ޔޮޓެއްގެ ކައިރީގައެވެ. އޭގައި އުޅުނު މީހުން ޒައުލް އާއި ޔޫހާގެ ހިދުމަތުގައި އަވަސްވެގަތެވެ. ތަނަވަސް ކޮޓަރިތަކަކާއިއެކު ވާ އެޔޮޓުގައި ހުރިހާ ކަމެއްވެސް ވަނީ ވަރަށް ފުރިހަމައަށެވެ.

“ހަނދާންވޭތަ…” ޔޮޓުގެ ކެބިންނެއްގައި ކިޔާން ބާއްވާލަފައި ޔޫހާ ގޮވައިގެން ޔޮޓުގެ ދެވަނަ ޑެކަށް އަރާ ވަށައިގެން ހަރުކޮއްފައި ހުރި ރެއިލިންގައި އަތްއަޅުވާލަމުން ޒައުލް އަހާލިއެވެ. އެވަގުތު ޔޫހާގެ މޫނަށް ލަދުވެތިކަން ވެރިވެގެންދިޔަތަން ފެނުނެވެ. ކުރިއަށްވުރެވެސް ބޮޑަށް އިސްޖަހާލުމާއިއެކު ބާރު ސްޕީޑުގައި ދުވާޔޮޓުގެ ސަބަބުން ލޮނުގަނޑަށް އަންނަމުންދާ ބާނިތަކަށް ބަލަހައްޓައިގެން ހުއްޓެވެ. އޭނައަށް ޒައުލް ހަނދާންއެކޮއްދެނީ ކޮންކަމެއްކަން އެނގެއެވެ. ޒައުލް އެއްއަތުން ރެއިލިންގައި ހިފަހައްޓާލައިގެން ހުރެ އަނެއްއަތުން ޔޫހާ ގެނެސް ހަށިގަނޑާއި ގާތްކޮއްލީ އެދެމެދުން އަލިކޮޅެއްހާ ހިސާބުވެސް ފާޅުވެގެން ނުދާނެހާ ގާތަށެވެ.

“އެރޭ އަހަންނަށް ޔޫހާ އާއިއެކު އެފަދަ ދަރަޖައަކަށް ދެވުނީ ކީއްވެކަން މިހާރު އެނގި ޔަގީންވެއްޖެ، އޭރުވެސް އަހަންނަށް ޔޫހާ ވަރަށް ޚާއްޞަ، އޭރަށްވުރެ މިހާރު އަދި މާޚާއްޞަ، ޔޫހާއަކީ އަހަރެންގެ ހަޔާތުގަ ލިބުނު އެންމެ ބޮޑު ހިތްހަމަޖެހުންކަން އެނގޭތަ” ޒައުލް ޔޫހާގެ ކަންފަތުގައި ތުންފަތް ޖެހޭނުޖެހޭހާ މޫނު ކައިރިކޮއްލައިގެން ހުރެ ވާހަކަދެއްކިއެވެ. ޔޫހާއަށް ޒައުލްގެ މޭގައި ޖައްސާލެވިފައި ހުރި އަތުން ޓީޝާޓު ގައި ބާރަށް ހިފާލެވުމާއިއެކު އެއަތުގެ ތެރެއަށް ބޮނޑިކޮއްލެވުނެވެ.

އެރޭގެ ބާކީ އޮތްބައި ހޭދަވެގެން ދިޔައީވެސް އެފަދަ ގޮތަކަށެވެ. ދެމީހުންނަށް ޚާއްޞަކުރެވިފައި ހުރި ކެބިންގައި ޒައުލްގެ އަތުގެތެރޭގައި ޔޫހާ އޮއްވައެވެ. ލޯބީގެ އުފާވެރި ދާނެއްގައެވެ. ދެހަށިގަނޑުގެ މީރުކަމާއި އަރާމު އިޙްސާސް ކުރަމުންނެވެ. ދުނިޔޭގެ ހުރިހާ ލައްޒަތެއް އެދެމަފިރިންނަށް ހާސިލުވެފައިވާ ކަހަލައެވެ. ވަރުބަލިކަމުގެ ނިދީގައި ދެމަފިރިންވަނިކޮއް ޔޫހާއަށް ހޭލެވުނީ ކިޔާންގެ ރުއިމުގެ އަޑަށެވެ. ޔޫހާއަށް ދެލޯ ހުޅުވާލެވުމާއިއެކު ފުންމައިގެން ތެދުވެވުނެވެ. އަވަސް އަވަހަށް ނަޒަރު ހިންގާލެވުނީ އެނދު ކައިރިއަށް އުކާލެވިފައިވި ދެމީހުންގެ އަންނައުނު ތަކުގެ ތެރެއިން އޭނަގެ އެއްޗެހި ވަކިކޮއްލުމަށެވެ. އަދި ހަށިގަނޑު ނިވާކޮއްލައިގެން އެއްއަތުން ބެޑްޝީޓުގައި ހިފަހައްޓާލައިގެން އިނދެ އަނެއްއަތުން ބަންޑުން ނިދިފައިއޮތް ޒައުލްއަށް ގޮވަންފެށިއެވެ.

“ޔޫހާ…” ޔޫހާ ގޮވަންފެށުމުން ކަންނެތްކަމާއިއެކު ޒައުލް ބުނެލިއެވެ.

“ކިޔާން، ޒައުލް….ކިޔާން ދޮރުމަތީގަ، ރޮނިއްޔޭ، ހޭލަބަލަ..” ޔޫހާ އަނެއްކާވެސް ޒައުލްގެ އަތުގައި އަޅާ ކޮއްޕާލިއެވެ. ޒައުލް މޯޅިއަކަށް ދެމިލުމާއިއެކު ތެދުވިއެވެ. ޔޫހާ އަވަސް އަވަހަށް އޭނަ ރޭގައި ލައިގެން ހުރި އެއްޗެހި ލުމަށްފަހު ފައިކައިރީގައި އޮތް ޒައުލްގެ ސޯޓު ނަގާ އޭނަ އާއި ދިމާލަށް އެއްލިއެވެ. ބޮލުގައި އެޅުނު ސޯޓުގައި ހިފާ ދަމައިގަންނަމުން ކޮނޑުމައްޗަށް އެއްލާފައި ޒައުލް ތެދުވެ އެކެބިންގައި ހުރި ކުޑަ ފާހާނާއަށްވަނެވެ. ޔޫހާ ދެން އަވަސްވެ ގަތީ ދޮރުހުޅުވުމަށެވެ.

“މަންމީ…” ކިޔާން ޔޫހާގެ ގައިގާ އޮޅުލައިގަތެވެ. އަދި ޔޫހާ ފެނުމުން ކުރިއަށްވުރެ ބޮޑަށް ރޮވުނީއެވެ. ޔޫހާ ކިޔާން އުރާލުމަށްފަހު ދަރިފުޅު މަސަލަސް ކުރުމަށްޓަކައި ވާހަކަދައްކަންފެށިއެވެ. ޔޮޓުގެ ދުވެލި ހުއްޓުމަކަށް އައިސްފައިވާކަން ޔޫހާއަށް އިޙްސާސްވީ އެވަގުތުއެވެ. އޭނަ ކިޔާން އުރާލައިގެން މަޑުމަޑުން ޑެކަށް ނުކުތްއިރު ދުރަށް ފެތުރިފައިވާ ބޮޑު މަޑުނޫކުލައިގެ ފަޅާއިއެކު ރަށެއްގެ މަލަމަތި ފެންނަން އޮތެވެ. ދުވާލުގެ އަލިކަމުގައި ކުރިމަތިން ފެންނަން އޮތް ރަށުގެ ފެހިކަމާއިއެކު ރަށުގެ ބޮޑުފަޅުގެ ނަލަކަން ވަރަށްވެސް ހިތްގައިމެވެ. ލޮނުގަޑުގައި އުފެދޭ ކުދިކުދި ބާނިތަކުގައި ވިދުމެއް އެކުލެވިފައި ހުއްޓެވެ. ޔޫހާއަށް އޭނަގެ ދަރިފުޅުގެ ގައިގާ ބާރަށް ބައްދާލެވުނެވެ. ވަގުތުން މޫނުމަތީގެ ކުލަފަނޑުވެ މީހާއަށް ހާސްކަން ލިބިގެންދިޔައެވެ. އެވަގުތު ޔޮޓުގެ މީހަކު އައިސް ޔޫހާގެ ގާތުގައި މަޑުކޮއްލުމާއިއެކު ހެނދުނުގެ ނާސްތާ ތައްޔާރު ކުރަންވީތޯ އަހާލިއެވެ. ޔޫހާ އެމީހާ ބުނިއެއްޗަކަށްވެސް އެއްވެސް ފަރުވާލެއް ބެހެއްޓުމެއްނެތި ޒައުލްގެ ކައިރިއަށް ދިއުމަށް އަވަސްވެގަތެވެ.

“މީތަ ޒައުލްއަށް އަންނަން އެނގުނު ތަނަކީ” ޔޫހާގެ އަޑުގައިވި ހިތްހަމަ ނުޖެހުން ޒައުލްއަށް ފާހަގަވިއެވެ. ކިޔާން ހައިރާން ކަމާއިއެކު ޔޫހާގެ މޫނަށް ބަލަހައްޓައިގެން އިނީ ވާނުވާނޭނގިފަ އިންހެނެވެ.

“އައްދޭ، ބައްޕަގެ ޕްރިންސް ހޭލާތަ މިއުޅެނީ…ސައިބޮއެފިންތަ” ޒައުލް ޔޫހާގެ ވާހަކައަށް ސަމާލުކަން ދިނުމުގެ ބަދަލުގައި ކިޔާން އާއި ވާހަކަދެއްކިއެވެ.

“ޑެޑީގެ ބޯޓެއްތަ މީ، ހުރިހާ ކުދިން ޕިކްނިކް އައީތަ” ކިޔާން އަވަސް އަވަހަށް ޒައުލްއަށް އަތްދިއްކޮއްލުމާއިއެކު ބުނެލިއެވެ.

“ހޫމް، ޑެޑީގެ ބޯޓެއް މީ، ދަރިފުޅު ދާންވީނު މިތާ ބޯޓުގަ އުޅޭ ބޭބެއަކާއިއެކު ބޯޓު ބަލާލަން ދޯ” ޒައުލް ކިޔާން އުރާލުމާއިއެކު އެކުއްޖާގެ ނިތުގައި ބޮސްދީފައި ބުނެލިއެވެ. ކިޔާން އަވަސް އަވަހަށް ބޯޖަހާލިއެވެ. އެއާއިއެކު ޒައުލް ކޮޓަރިން ބޭރަށް ބޯދިއްކޮއްލާފައި ޔޮޓުގައި އުޅުނު އަޒީއަށް ގޮވާލިއެވެ. އަދި ކިޔާން އޭނަގެ އަތަށް ދެމުން ކިރުޕެކެޓެއް ކިޔާންއަށް ދީފައި ޔޮޓުގެ ތަންތަން ދައްކާލުމަށް ބުންޏެވެ. ޒައުލް ކިޔާންއަށް ބަލައިގެން އުޅުމަށް އަޒީގެ ގާތު ދެތިންފަހަރަށް ބުނެލިއެވެ. އަޒީ ކިޔާން އުރާލައިގެން ނުކުތުމާއިއެކު ކެބިންގެ ދޮރުލައްޕާލާފައި ޒައުލް ޔޫހާ ގެނެސް އެނދުގައި ބައިންދަމުން ވާހަކަދެއްކިއެވެ.

“ޔޫހާ، އަހަންނަށް މާފަށް އެދުމުގެ ފުރުޞަތުދޭކަށް ބޭނުމެއްނޫންތަ، އަހަރެން ޔޫހާ އާއި ކައިވެނި ކުރިޔަސް އޭގެ މާނައަކީ އަހަރެން ޔޫހާގެ އާއިލާ އާއި ބައްދަލު ކުރަން ބޭނުންނުވަނިއްޔޭ ނޫން، އަހަރެން ޔޫހާގެ މަންމަ އާއި ބައްދަލު ކުރަން ބޭނުން، ޔޫހާ ރުޅި ނާދެބަލަ، މައްސަލަ އިތުރަށް ގޯސްވާނަމަ އަހަރެން ޔޫހާ ގޮވައިގެން ވަގުތުން ރަށުންފުރާނަން…އެގޮތް އެންމެ ރަނގަޅެއްނު” ޒައުލް ބުނެލިއެވެ. ޔޫހާ އިރުކޮޅަކު ބަހެއްނުބުނެ ވިސްނަން އިނދެފައި ޒައުލްގެ މޭގައި ލައްވެލިއެވެ. ޒައުލް ޔޫހާގެ ކޮނޑުގައި ހިފާ ކައިރިކޮއްލަމުން ކިހިނެއްތޯ ވީ ސުވާލުކުރިއެވެ.

“އެރަށަށް އަރާކަށް ނުކެރޭނެ، މާލެ އައީ ދުވަހަކުވެސް އެނބުރި ރަށަށް ނުދާންނިންމައިގެން، ކޮންމެ ހާލެއްގަ އުޅެންޖެހުނަސް” ޔޫހާގެ އަޑުގައިވި ރުޅިވެރިކަން ބަދަލުވެއްޖެއެވެ.

“މިހާރު އޭގެ ފަހުން ކިތައް އަހަރުވެއްޖެ، މިހާރު ޔޫހާ އެކަނިވާކަށް ނުޖެހޭނެ، މީހަކަށް އެއްޗެއް ބުނާކަށް ނުކެރޭނެ” ޒައުލް ޔޫހާއަށް ހިތްވަރުދިނެވެ.

“ނޫން، އެމީހުން ބަދަލެއް ނުވާނެ، މަންމަ ބަދަލެއް ނުވާނެ…މަންމަ ބޭނުމެއްނުވާނެ އަހަރެން ދެކޭކަށް، ކިޔާން ދެކޭކަށް…” ޔޫހާ ޒައުލްގެ ކަރުގައި އަތްއަޅުވާލުމާއިއެކު ބައްދާލިއެވެ. އޭނަގެ ހިތްބިރުގަންނަނީއެވެ.

ހެނދުނުގެ ސައި ޒައުލް އާއި ޔޫހާ ބޮއެ ނިމިނު އިރު ދިހައެއްޖަހާ ބޮޑުވެއްޖެއެވެ. ހާސްވެކަންބޮޑުވެފައި ހުރެވެސް ޔޫހާ ތައްޔާރުވަމުންދިޔައީ ޒައުލްގެ އެދުމަށް ރަށަށް އެރުމަށެވެ. ހުރިހާ ސާމާނެއް ތައްޔާރުކޮއްލެވުމާއިއެކު ޔޮޓުގެ ފަހަތުގައި އޮތް ކުޑަކުޑަ ފައިބަރ ލޯންޗަށް އަރާ ހަމަޖެހިލައިފިއެވެ.

އަތިރިމަތީގައި އެއްވެ ތިބި ހުރިހާ އެންމެންގެ ލޯތައް އަމާޒުވެގެންދިޔައީ ޔޫހާމެންގެ ދެމަފިރިންނަށެވެ. އެއްގަަމަށް އަރައިގެން އައިވަރަކަށް ގޭގޭ ބޭރު ފަރުކައިރީ ބަހައްޓާފައި ހުރި އަށިތަކާއި ޖޯލިފަތި ތަކުގައި ތިބި ޒުވާން ކުދިންގެ ބެލުންތައް ޒައުލްއަށް ރައްދުވަމުން ދާކަން ޔޫހާއަށް ފާހަގަކުރެވުނެވެ. ނަމަވެސް ޒައުލްގެ ނަޒަރުވަނީ ކުރިއަށް އޮތް މަގަށްހުއްޓާލެވިފައެވެ. ޒަމާނީ އަވި އައިނާއިއެކު މަޑުމުށިކުލައިގެ ސޯޓަކާއި ތުނިތުނި ހުދު އަތްކުރު ގަމީހުގައި ޒައުލްގެ ކަސްރަތީ ހަށިގަނޑު ވަރަށް ވެސް ރީއްޗެވެ. ޔޫހާގެ ހިތަށް ކުޑަނަމަވެސް ހިތަހަމަޖެހުމެއް ލިއްބައިދެމުންދިޔައީ ޒައުލްގެ އެއްބާރުލުމާއި އޭނަގެ ފަރާތުން ލިބެމުންދިޔަ ލޯތްބެވެ.

ރަށަށް މާބޮޑު ބަދަލުތަކެއް އައިސްފައިނެތެވެ. ޒައުލްއަށް ކުރިއަށްދާންވީގޮތް ކިޔާދެމުން ޔޫހާ ދިޔައެވެ. އޭނަ އުޅެ ބޮޑުވި ގޭގެ ދޮރުމައްޗަށް އެރިވަގުތާ ގޯތިތެރޭގައި ހުރި ބަރޯ ހިފައިގެން ޝަފަގު ނުކުތްވަގުތު ވީ އެއްވަގުތަކަށެވެ. ކުއްލިއަކަށް ޝަފަގުގެ އަތުން ބަރޯ ދޫވެގެން ވެއްޓި ބިންގަނޑުގައި ޖެހުނު އަޑުއިވުނެވެ. ޝަފަގުއަށް އަޅާފައިހުރި ބުރުގާގެ ކަންގަނޑާއިއެކު ހުޅުވުނު އަނގައިގާ އަތްއަޅާލެވުނެވެ.

“ކޮންއަޑެއް…” ބަރޯ ވެއްޓުނު އަޑަށް ގޭތެރެގޭ ކޮންމެވެސް ހިސާބަކުން ފަހީމާގެ އަޑުއިވިގެންދިޔައެވެ. ޔޫހާއަށް އެއީ އޭނަގެ މަންމަގެ އަޑުކަން ޔަގީންވެއެވެ.

ޔޫހާއަށް ޒައުލްގެ އަތުގައި ހިފާ ބާރުކޮއްލެވުނީ އިޙްތިޔާރަކާއިނުލައެވެ. އޭރު ހިނިއައިސްފައި ހުރި ޝަފަގު އައިސް ޔޫހާގެ ކުރިމައްޗަށް ހުއްޓެނީއެވެ.

“ކޮއްކޮ ފެނުމުން ވަރަށް އުފާވެއްޖެ، އަވަހަށް އާދޭ އެތެރެއަށް” ޝަފަގުއަށް ލިބިފައިވާ ހައިރާންކަން މޫނުމަތިން ފިލުވާލަމުން ޔޫހާގެ އަތުގައި ހިފާލިއެވެ.

“މީނީ ކިޔާންދޯ، ހާދަ ބޮޑުވެއްޖެއޭ….ކޮއްކޮގެ ޚަބަރެއްނުވެގެން މިހުންނަނީ ވަރަށް ކަންބޮޑުވެފަ” ގޯތިތެރެއަށް ވަދެގެން ދަމުން ޝަފަގު އަނެއްކާވެސް ވާހަކަދެއްކިއެވެ. ދެންވެސް ޔޫހާގެ ފަރާތުން އެއްވެސް ޖަވާބެއް ނައެވެ. ޔޫހާއަށް ހީވަނީ އޭނަގެ މަންމައަށް އޭނާގެ އަޑުއިވިއްޖެނަމަ އޭނަގެ ކުރިމަތީގައި ނުހުރެ ގެއިން ނުކުމެގެން ހިނގައިދާނެހެންނެވެ. މީގެ ކުރިންވެސް ޔޫހާ އެގޭގައި އުޅެފައިވަނީ އޭނަގެ މަންމައަށް ނުފެންނަ ހިސާބުގައެވެ.

“އަޅުގަނޑަށް ކިޔަނީ ޒައުލް، މީ ކިޔާން….އަޅުގަނޑުމީ ޔޫހާ ގެ ފިރިމީހާ، ކައިވެނި ކުރުމަށްފަހު ޔޫހާގެ މަންމަ އާއި ބައްދަލު ކޮއްލަން މިއައީ، ޔޫހާގެ ދައްތައަކީ ތީ ދޯ” ޒައުލް ޔޫހާއަށް ބަލާލުމަށްފަހު އަމިއްލައަށް ތައާރަފްވެލިއެވެ. ވަގުތުން ޝަފަގުގެ މޫނު މަތީގެ ކުލަވަރު ބަދަލުވެ އެމޫނުން އުފާވެރިކަން ފެންނަން ފެށިއެވެ.

“ހާދަ އުފާވެރި ޚަބަރެކޭ ތިދީ، އާދެ މިހެން ލާފަދާން، މަންމަ އެބައުޅޭ ހަވާދު ފުނޑަން ބަދިގެ ފަރާތުގަ” ޝަފަގު ޔޫހާގެ އަތުން ދޫކޮއްނުލާ ހުރެ ވާހަކަދެއްކިއެވެ. އަދި ގޯތީގެ އެއްފަރާތުން ގޭގެ ބިއްދޮށަށް ވަދެވެން އޮތް މަގުން ޝަފަގު އާއި ޔޫހާ ކުރީގައި ތިބެ ހިނގަމުންދިޔައިރު ޒައުލް ކިޔާން އުރާލައިގެން ޔޫހާމެންގެ ފަހަތުން ދިޔައެވެ.

“ކޮންއެއްޗެއް ވެއްޓުނު އަޑުތަ އޭރުއެއިވުނީ…” ބަދިގެ ފަރާތުގައި ހުރި ފެންތާންގި އާއި ދިމާލުގައި ފަހީމާ ކޮޅަށްހުރެ ދައިން ފުނޑަމުންދަނިކޮށް މީހަކު އެފަރާތަށް އަންނަހެން ހީވެ ބުނެލިއެވެ. އެގަޑީގައި އޭނަ އާއި ޝަފަގު އާއި ނޫނީ އެގޭގައި ނޫޅޭނެކަން ފަހީމާއަށް ޔަގީންވާތީ އާއިއެކުއެވެ.

“މަންމާ، މިއޮށްއައީ ކޮންބައެއްކަން ބަލާލަބަލަ” ޝަފަގުގެ އަޑާއިއެކު ފަހީމާ ފުނޑަން ހުރި ފަހީމާ އެދިމާލަށް ކަޅިއެއް އެއްލިއެވެ. އެފަދަ ގޮތަކަށް ފަހީމާއަށް ބަލާލެވުނީ ރަށު މީހަކު އައީކަމަށް ހީކޮއްފައެވެ. ފަހީމާއަށް ޔޫހާ ފެނުމާއިއެކު އެމީހުނާއި ދިމާލަށް އެނބުރެވިއްޖެއެވެ. ލޮލަށް ފެންނަ މަންޒަރު ގަބޫލު ނުކުރެވޭފަދަ ގޮތަކަށް ފަހީމާ ބަލަހައްޓައިގެން ހުއްޓެވެ. ޝަފަގު އަވަސް ހިނގުމުގައި ގޮސް ފަހީމާގެ ކޮނޑުގައި އެއްއަތުން ހިފާލުމާއިއެކު ޔޫހާގެ ކައިވެނީގެ ޚަބަރު ދިނެވެ. އަދި ކައިރީގައި ހުރި ޒައުލް އާއި އޭނަގެ އަތުގެތެރޭގައި އެވަނީ ކިޔާންކަންވެސް ފަހީމާއަށް އޮޅުންފިލުވާދިނެވެ. އެއާއިއެކު ފަހީމާގެ ލޮލުން ކަރުނައިގެ އަސަރު ފާޅުވާންފެށުމުން ވަގުތުން އެނބުރި އޭނަ ކުރަންހުރި މަސައްކަތް ކުރަށަފަށައިފިއެވެ. އެތަން ފެނި ޔޫހާއަށް ޒައުލް އާއި ދިމާލަށް ބަލާލެވުނެވެ. ޒައުލްއަށްވެސް ބުނާނެ އެއްޗެއް ނޭނގުނެވެ. ދެންވެސް އެމީހުނައިގެން އުޅުނީ ޝަފަގުއެވެ.

“ހިނގާ އެތެރެއަށް، ސައިބޯންވީނު…ކިޔާން އާދެބަލަ ދައްތަކައިރިއަށް، މިހާރު ހަނދާނެއްވެސް ނެތްދޯ ދައްތަމަތިން” ޝަފަގު ޔޫހާގެ ބުރަކަށީގައި ފިރުމާލުމާއިއެކު އެދެމަފިރިންނަށް ގޭގެ ބިއްދޮއް ފަރާތުން ގޭތެެރެއަށް ވަދެވެން ހުރި ދޮރާދިމާލަށް އިޝާރާތްކޮއްލުމާއިއެކު ބުނެލިއެވެ. އަދި ކިޔާން އުރާލުމަށް އުޅުމުން ޒައުލްވެސް ޝަފަގުގެ އަތަށް ކިޔާން ދިއްކޮއްލިއެވެ. އެކުޑަކުޑަ މޫނުގެ މަތީގައިވަނީ ހައިރާންކަމެވެ. މިވަނީ ކިހިނެއްކަން ނޭނގުމާއިއެކު، އެގެއަކީ އެކުއްޖާއަށް ދުރު ހަނދާންތަކެއްކަމުގައި ވާތީއެވެ. ބޮޑުވަމުން އައިވަރަކަށް އޭނަގެ ފަހަތުން ދުވާތަން ފެންނަނީ ޝާއިން އާއި އަފްލީނެވެ. އެހެންވެ އޭނަގެ އާއިލާ ކަމުގައި ގަބޫލު ކުރެވެމުންވެސް ދިޔައީ އެމީހުންނެވެ.

“ދައްތާ، މަޑުކޮއްބަލަ، އަޅުގަނޑު ޔޫހާ ގޮވައިގެން މިރަށް އައުމުގެ އެންމެ ބޮޑު ބޭނުމަކީ ޔޫހާގެ މަންމަގެ ގާތުން މާފަށްއެދުން، އަޅުގަނޑުގެ އާއިލާއަކީވެސް މިހާރު އެމީހުން، ކަންތައްތައް ހިނގައިދިޔަ ގޮތް ކިޔާދޭން ބޭނުން….ފަހަރެއްގަވެސް އަޅުގަނޑުމެންގެ ބޭނުމަކީ އިތުރު މައްސަލަތަކެއް އުފެއްދުމެއްނޫން، ބޭނުންވަނީ މަންމަ އާއި ވާހަކަދައްކާލަން” ޝަފަގުގެ އަތަށް ކިޔާން ދިއްކޮއްލުމާއިއެކު ޒައުލް ހުއްޓި ވާހަކަދެއްކިއެވެ. އެއަޑު ފަހީމާއަށްވެސް އިވުނެވެ. ނަމަވެސް އޭނަގެ ހަރަކާތްތަކަށް ކުޑަވެސް ބަދަލެއް ނުގެނެއެވެ.

“އާދެބަލަ…” ޝަފަގު ޒައުލްއަށް ބުނެލިއެވެ. ޔޫހާ އާއި ޒައުލް ޝަފަގު ފަހަތުން ގޭތެރެއަށްވަނެވެ. ޔޫހާއަށް ގޭތެރެއަށް ވަދެވުމާއިއެކު ވަށައިގެން ނަޒަރު ހިންގާލެވުނެވެ. ހީވަނީ އަދިވެސް އޭނަ ދޫކޮއްފަ ދިޔަގެއަށް އެނބުރި އައިސް ވަދެވުނު ހެންނެވެ. ވޭތުވެގެން ދިޔަ އަހަރުތަކާއިއެކު އެގެއަށް އެއްވެސް ބަދަލެއް އައިސްފައެއްނުވެއެވެ. ފެންޑާގައި ހުރި ލަކުޑި ދިގުގޮނޑި އާއި ދެސަރަންފީއެވެ. އެއްފަރާތެއްގައި ބަރިއަކަށް މަތިމައްޗަށް ޖަހާފައިހުރި ޕްލާސްޓިކް ހަތަރުގޮނޑިއެވެ. ފެންޑާގެ ކަނެއްގައި ޖެހިގެން ހުރިގޭ ދިޔާނާގެ ފިރިމީހާ ހަމީދު މާލެން ގެނެސްދިން ފަހާފޮށި އަދިވެސް އެހުރީ އެތަނުގައި ބަހައްޓާފައެވެ. ރީތިކޮއްފޮތިގަނޑެއް އަޅާފައެވެ.

“އިށީނދޭ… ޖޫސްތައްޓެއް ގެނެސްދެންތަ، ވަރަށް ހޫނު ގަދައެއްނު” ޝަފަގު ހިނިތުންވުމާއިއެކު ބުނެލިއެވެ.

“ބޮޑުދައްތާ” ފުރަތަމަ ފަހަރަށް އެރަށް ފޭބީއްސުރެން އަނގައިން ނުބުނެ ހުރި ޔޫހާ ޝަފަގުއަށް ގޮވާލިއެވެ. އެއަޑުގައި ކަންބޮޑުވުން އެކުލެވިފައިވެއެވެ.

“ދައްތައަށް ވިސްނެޔޭ، މަންމަ އެހެން ހެދުމުން ދެރަވާނެކަމެއްނެތް، އަސްލު މަންމަވެސް ވަރަށް ދެރަވެފަ އެހުންނަނީ، ޔޫހާ އާއި ކިޔާންގެ މަތިން މަންމަ ހަނދާން ކުރާކަން އަހަންނަށް އެނގޭ، ރަޝީދުބޭ އުޅުނު އެފަރާތު ކޮޓަރީގެ ދޮރު ގޯޅިގަނޑަށް ކަނޑާފަ މިރަށު ޓީޗަރަކަށް ކުއްޔަށް ދޫކުރަންވެސް، އެކަމަކު އެކަން ނުކޮށްބަހައްޓާފަ އެހުންނަނީ މަންމަ ގަބޫލު ނުވެގެން، އަހަންނަށް އެނގޭ މަންމަ ގަބޫލު ނުވީ ކީއްވެކަންވެސް، އެއީ ކޮއްކޮ އުޅުނު ކޮޓަރިއަށްވާތީ، މަންމައަށް ކުޑަވަގުތުކޮޅެއް ދީ، ރަނގަޅު ވަގުތެއް ހޯދާލާފަ މަންމަ އާއި ވާހަކަދައްކާނީ، ކޮއްކޮގެ ކޮޓަރި ހުންނާނީ ސާފުކޮއްފަ، ޖެހޭނީ ބެޑުޝީޓު ބަދަލުކޮއްލަން، ޒައުލް، ކޮޓަރިއަށް ފޮށިގެންގޮސް ލާންވީނު” ޝަފަގު ޔޫހާ އާއި ޒައުލްގެ ކުރިމަތީ ކިޔާން އުރާލައިގެން ހުރެ ބުނެލިއެވެ.

“އަޅުގަނޑުމެން ތިބުމަށް މިރަށުން ގެއަށްވާނީ ހިފާފައި، ޔޫހާގެ މަންމަގެ ހުއްދަ އަކާއި ނުލާ މިގޭގައި މަޑުކުރުން އެއީ ރަނގަޅު ގޮތެއްނޫން” ޒައުލް އޭނަގެ ވިސްނުން ހުރިގޮތް ހާމަކުރިއެވެ.

ފަހީމާ ހަވާދުކޮޅުތައްޓަކަށް ނެގުމަށްފަހު ބަދިގޭ ތިރިފާރުކޮޅުމަތީ ތަށިބަހައްޓާފައި ތިރީގައި ފެންއަޅާފައި ހުރި ބާލިދީގައި އޮތް ޖޯޑުން ފެންނަގާ ފުނޑި ދައި ރީތިކޮއް ދޮވެލައިފިއެވެ. އޭނަގެ މަސައްކަތަށް ބަދަލެއްނަޔަސް އޭނަގެ ސިކުނޑީގައިވަނީ އެތަށް އެތަށް ސުވާލެއް އުފެދިއެވެ. އަދިވެސް އޭނައަށް ޔޫހާ އާއި ދިމާލަށް ކިޔުނު ހުރިހާ އެއްޗެއް ހަނދާން އެބަހުއްޓެވެ. އެދަރިފުޅު ދިއުމުން ފަހީމާގެ ހިތަށް ލިބުނު ފަޅުކަން އޭނަ ސިއްރުކުރިއެވެ. މީހުންގެ ލޯތަކަށް އެކަންއެވީ ވާންވީ ގޮތަށްކަމުގައި ބުނަމުންނެވެ. ގޮތެއްފޮތެއް ނެތުނީމަ ދަރިން ދޫކޮއްލުން އެއީ އެންމެ ރަނގަޅުގޮތްކަމުގައި މީހުންގެ ގާތު ބުނަމުންނެވެ. ޔޫހާގެ ސަބަބުން ލިބުނު ބަދުނާމާ ގެއްލިގެންދިޔަ އެގޭގެ ރީތިނަން އަނބުރާ ހޯދަން ބޭނުންވެފައި ހުރިވަރުންނެވެ. ރަށުގައި މިހާރު އެވާހަކަ ދައްކާ ބަޔަކު ނެތެވެ. އެކަމަކު ފަހީމާއަށް ލިބުނު ހިތްދަތިކަން ފިލައިގެނެއްނުމެ ދިޔައެވެ. އަމިއްލަޔަށް ދަރިފުޅު ގޭން ނެރެލީކަމުގައި އޭނަގެ ޒަމީރު ބުނެއެވެ. ޝަފަގުގެ ފަރާތުން ޔޫހާގެ ވާހަކަތައް އަޑުއިވޭ ކޮންމެ ފަހަރަކު އެދަރިފުޅު ހާލު ކިހިނެއްތޯ އަހާލާ ހިތުން މޭގައިވާ ހިތް ތެޅިފޮޅިގަނެވެ. އެހާ ހަރުހިތެއްގެ ވެރި މީހަކަށް ފަހީމާވީ ކޮންއިރަކު ބާއޭ އޭނަގެ ހިތަށްވެސް އަރައެވެ.

“މަންމާ، ދަނީ…” ނުކެރިފައިހުރެ ޔޫހާ ބުނެލިއަޑު ހަވާދުތަށި ހިފައިގެން ބަދިގެއަށް ވަންނަން ދިޔަ ފަހީމާއަށް އިވުމުން ހުއްޓެވުނެވެ. އަދި އޭނަގެ ޒަމީރު ބާރު އަޑުން ވާހަކަދައްކަންފެށިކަހަލައެވެ.

” އެތަށް އަހަރަކަށްފަހު ދަރިފުޅު އެނބުރި އައީ މަންމަ ދެކިލުމަށެވެ. ފަހީމާ މިއަދު އެދަރިފުޅު ދިޔަނުދޭށެވެ. ދަރިފުޅު ދެކިލާހިތުން އެހިތް ކެތްމަދުވެފައިވާވަރު ބުނާށެވެ. ފަހީމާއެވެ. ވަގުތަކީ އެއްވެސް މީހަކަށްޓަކައި އިންތިޒާރު ކުރާ އެއްޗެއް ނޫނެވެ. އަވަހަށް ބުނާށެވެ. ދަރިފުޅު ގާތު ހިތުގައިވާ ހުރިހާ އެއްޗެއް ބަންޑުންކޮއްލާށެވެ.” ފަހީމާގެ ސިކުނޑީގައި އޭނަގެ ޒަމީރުގެ އަޑުހަރުލާފައިވެއެވެ.

“ޝަފަގު، އެމީހުން ކައިރީ ބުނޭ މެންދުރު ކައިގެން ދާން މަޑުކުރާށޭ” ފަހީމާ މިހެން ބުނެލުމާއިއެކު ބަދިގެތެރެއަށް ވަދެގެން ހިނގައްޖެއެވެ. ނުތަނަވަސްކަން ލިބިފައިހުރި ޝަފަގުއަށް ހިތްހަމަޖެހުން ލިބުނެވެ. ފަހީމާގެ އަޑު ޔޫހާ އާއި ޒައުލްއަށްވެސް އިވުނެވެ.

“އާދޭ، ކޮއްކޮގެ ކޮޓަރިއަށްވަދެ އަރާމުކޮއްލާ، ފެންވަރާލައިގެން މެންދުރު ކާން ނުކުންނަންވާއިރު މަންމަ ހުންނާނީ ހަމަޖެހިފަ، އޭރުވެސް ދައްތައަށް އެނގުނު މަންމަ ކިތަންމެ އަޅާނުލަން މަސައްކަތްކުރިޔަސް ކޮއްކޮދެކެ އަދިވެސް ވަރަށް ލޯބިވާކަން” ޝަފަގު އެނބުރި ޔޫހާމެން ގޮވައިގެން ގޭތެރެއަށް ވަންނަމުން ބުނެލިއެވެ.

މެންދުރުގެ ކެއުމަށްފަހުވެސް ފަހީމާ އާއި ވާހަކަދައްކާލާށެ ފުރުޞަތެއް ޒައުލްއަކަށް ނުލިބުނެވެ. އެހެންނަމަވެސް މެންދުރުގެ ކެއުން ނިމި އެގެއިން ނުކުންނަން އުޅުނު ވަގުތު އަނެއްކާވެސް ފަހީމާ ޝަފަގުއަށް ގޮވާލާފައި ޔޫހާގެ ކޮޓަރި އެމީހުން ތިބުމަށް ނުފުދެންޔާ ނުކުމެގެން ދިޔަޔަސް ހެވޭ ބުންޏެވެ. މިފަހަރުވެސް އެހެންބުނީ ޔޫހާ އާއި ޒައުލްއަށް އަޑުއިވޭވަރަށެވެ. ޒައުލްގެ ގާތަށް ކުޑަކޮށް ހިނިވެސް އައެވެ. އެހެންނަމަވެސް އޭނައަށް ޔޫހާގެ މަންމަގެ އެފަދަ އިޝާރާތްތަކުން ފެންނަމުންދާ ލޯބި ނަގައިގަންނާކަށް އުނދަގުލެއްނުވިއެވެ.

“އަޅުގަނޑުމެން ތިބޭނީ މިގޭގަ” ޒައުލް މިހެން ބުނީ ޝަފަގު އާއި ދިމާލަށް އެނބުރިހުރެއެއްކަމަކު އޭނަގެ ބޭނުމަކަށްވީ ފަހީމާއަށް އެއަޑު އިއްވާލުމެވެ.

ޔޫހާގެ ދެމަފިރިން އެމީހުންގެ ކޮޓަރީގައި ތިއްބެވެ. މާބޮޑު ނޫނަސް އާދައިގެ ކޮޓަރިއެކެވެ. އޮމާންކޮއް ސިމެންތި ޖަހާފައިވާ ފާރުތަކުގައި ލާފައި ހުރީ ހުދުކުލައެވެ. ކޮޓަރީގައި ހުރި ޒައުލްއަށް ކުޑަވިނަމަވެސް އެކަމާ އޭނަ ޝަކުވާއެއް ނުކުރެއެވެ. އެގޭތެރޭގެ ކަންތައްތައް ހުރިގޮތުން އެއާއިލާއަކީ ވަރަށް އާދައިގެ އާއިލާއެއްކަން ޒައުލްއަށްވެސް އެނގެއެވެ. ޝަފަގުގެ ފިރިމީހާ ރަޝީދު އާއި އެމީހުންގެ ދަރިފުޅު ނާއިލް އާއި ކިޔާން ރައްޓެހިވާކަށް މާގިނައިރެއް ނުނެގިއެވެ. މެންދުރު ކައިގެން ޔޫހާމެން ކޮޓަރިއަށްވަތްއިރު އެދެކުދިން ގޯތިތެރޭގައި ދުވެދުވެފައި އުޅެއެވެ. އެގޭގައި ދުވާނެ ތަން އޮތުމާއިއެކު ކިޔާންއަށް އެކަންވީ ރަނުގެ ފުރުޞަތަކަށެވެ.

“ޔޫހާ މަންމަ އާއި ވާހަކަ ދައްކާތޯ ކަންނޭގެ މަންމަ އެއްޗެއް ނުބުނެ އެހުންނަނީ، މަންމަ ބުނެފިދޯ ނުދާށޭވެސް، އަހަންނަށް ފެންނަނީ ޔޫހާ މަންމަ އާއި ވާހަކަދައްކަން” އެނދުގައި އިށީނުމާއިއެކު ހޫނުވެފައި ހުރުމުން ލައިގެން ހުރި ޓީޝާޓު ބާލާފަ ޔޫހާގެ އަތަށް ދިއްކޮއްލަމުން ޒައުލް ބުނެލިއެވެ.

“މަންމަ އަހަރެންގެ ވާހަކަ އަޑުއަހާނެތަ، އަހަރެން ފެނުމުން މަންމަ އެއްވެސް އުފަލެއް ނުވި، ކިޔާންއަކީ ނާއިލްފަދައިން މަންމަގެ މާމަ ދަރިއެއްނު، އަހަންނަށް ދަރިފުޅާއޭ ގޮވާނުލިޔަށް އެކުއްޖާއަށް ގޮވާލިނަމަ، މަންމަ އަހަންނަށް އަދިވެސް މާފެއްނުކުރޭ…. މާފުކުރިނަމަ އަހަރެން ފެނުމާއިއެކު މަންމަ އަހަރެންގެ ގާތަށް އަންނާނެ، އަހަރެންގެ ހާލު އޮޅުން ފިލުވާނެ…” ޔޫހާ އެކޮޓަރީގައި ހުރި އަލަމާރިން ކޮނޑެއް ނަގާ ޒައުލްގެ ޓީޝާޓް އަޅުވާލާފައި އަލަމާރި ދޮރުފަތުގެ އަތްގަނޑުގައި އެކޮނޑު އަޅުވާލުމާއިއެކު އައިސް ޒައުލް ގެ ގާތުގައި އެއްފައި އެނދަށް އަރުވާލައިގެން އިށީނެވެ.

“އެކި މީހުން ލޯބިވާކަމާ، ކެއާރ ކުރާކަން ފާޅު ކުރާނީ އެކިގޮތަށް، ޔޫހާގެ މަންމަ އެކަންތައްތައް ނުދެއްކިކަމުގައި ވިޔަސް ޔޫހާ އާއި ކިޔާންދެކެ ވަރަށް ލޯބިވޭ، އަހަންނަށް އެކަން އެނގޭ، ކީއްވެތަ ޔޫހާއަށް އެކަންތައްތައް ފާހަގަ ނުކުރެވިގެން ތިއުޅެނީ، އަހަންނައްޓަކާ ޔުހާ މަންމަ އާއި އިސްނަގާ ނިކަން ވާހަކަދައްކަބަލަ، އޭރުން މިއޮތް ދުރުކަން ފިލައިގެން ހިނގައިދާނެ….އެކަމަކުވާ ހާދަ ހޫނެދޯ މިތަން” ޒައުލް އެންމެފަހުން ބުނެލި އެއްޗަކުން ޔޫހާގެ ގާތަށް ހިނިއައެވެ.

“އަބަދު އޭސީގަ އުޅޭ މީހުންނަކަށް މިގޮތަށް ރަށްރަށަށް އައިހެން ނޫޅެވޭނެ، މީ އަހަރުމެންގެ ދިރިއުޅުން، އޭސީ ކުރި ކޮޓަރި އާއި ހަތަރެސްފަޔަށް ނޯކަރުންނެއް ނުތިބޭނެ…” ޔޫހާ ޒައުލް އާއި ދިމާކޮއްލިއެވެ. އަދި ހަރުގަނޑުގައި އަޅުވާފައި ހުރި ތުވާލި ހިފައިިގެން އައިސް ޒައުލްގެ ބުރަކަށި ފޮހެދެން ފެށިއެވެ.

ޒައުލް އާއި ޔޫހާގެ މަޝްވަރާ އެމީހުން ތިބި ކޮޓަރީގައި ކުރިއަށްދިޔައިރު ގޯތީތެރޭގައި ހުރި ލަކުޑިއަށިމަތީގައި ފަހީމާ މުރަނގަފަތް އަޅާފައިވާ ދޮލަނގެއް އުނގުމަތީ ބަހައްޓައިގެން އިނެވެ. ކުދިކުދި ފަތްތައް ވަކިވަކި ކުރަމުން ދިޔައިރު އޭނަގެ ނަޒަރު ގިނަފަހަރަށް ހުއްޓެމުންދިޔައީ ގޯތިތެރޭގައި އޮތް ހުސްތަނުގައި އަތްލާ ކުޅެން އުޅުނު މާމަ ދެދަރިންގެ ތެރެއިންވެސް ކިޔާނަށެވެ. އެކުއްޖާ ނުފެންނަތާ އެތަށް އަހަރެއްވެއްޖެއެވެ. ކިޔާންގެ ސަކަ މިޒާޖާ އެކުއްޖާގެ މައުސޫމު ކަމާއިއެކު ފަހީމާ އެތަށް ފަހަރު އެކުއްޖާ ގެނެސް އަތުގެތެރެއަށްލުމަށް އޭނަގެ ހިތަށްއެރިއެވެ. ނަމަވެސް އެއިން ކޮންމެ ފަހަރަކު އޭނައަށް ފަސްޖެހެވެނީ އެންމެ ސަބަބަކާއިހުރެއެވެ. އެހަނދާންތައް އޭނަގެ ސިކުނޑީގައިވަނީ ބިންވަޅުނެގިފައެވެ. ލޮލުގެ ކޮއެފަދައިން، އެހާ ލޯބިދެމުން އައި ދަރިފުޅުވަނީ އޭނަގެ ދިރިއުޅުމުގެ ހަމަޖެހުންނަގާލާފައެވެ. ނަމަވެސް މިއަދު އޭނަ ދެރަވަނީވެސް އެކަމާއެވެ. އެދުވަހު އެދަރިފުޅަށް ހިތްވަރުދީ އޯގާތެރިކަމާއިއެކު މަގުދައްކަންވީ ދުވަހު ފަހީމާއަށް ކަންތައްކުރެވުނީ ވަރަށްވެސް ގޯސްކޮށެވެ. އެކަނިހާލައިގެން އެދަރިފުޅު ގޭން ނުކުމެގެން ދިޔައިރުވެސް ފަހީމާއަށް އެކަންވެސް ނުހުއްޓުވުނެވެ. އެދުވަހު ހުއްޓުވަންވެސް ބޭނުންނުވީއެވެ. ދުނިޔެ ދޫކޮއްފައިވާ ލޯބިވާ ފިރިމީހާއަށް ރަށު ރައްޔިތުން ކުރަމުން އައިގަދަރު ވެއްޔާ މޮޑެވިގެން ދާތަން ބަލަން ފަހީމާއަށް ކެތްނުކުރެވުނީއެވެ. އެތަށް އަހަރަކަށް ފަހު ޔޫހާ އެނބުރި އެއައީ ފަހީމާ ދުވަހަކުވެސް ނުވާނެއޭ ބުނި ކަންތައްކޮއްގެންނެވެ. އެތަށް ބަދުބަހެއް ޔޫހާ އާއި ދިމާލަށް ފަހީމާއަށް ބުނެވުނުއިރު އެބަސްތައް ހުދު އޭނަގެ ސިކުނޑީގައި ހަރުލާފައިވާ ފަދައިން ޔޫހާވެސް އެހަނދާން ނުނެތޭނެކަން ފަހީމާ ޔަގީންކުރެއެވެ. ފަހީމާއަށް ދެލޯ މަރާލެވުނީ ސިކުނޑިއަށް ބަރުވެގެންނެވެ.

“މަންމާ…” ދާދިގާތުން ޝަފަގުގެ އަޑުއިވުމާއިއެކު އިސްޖަހާލައިގެން ދެލޯ މަރާލައިގެން އިން ފަހީމާ އަވަސް އަވަހަށް ލޯހުޅުވާލިއެވެ. އޭރު ޝަފަގު އިނީ އޭނަގެ އެއްފަރާތުގައި އިށީނދެއެވެ. ފަހީމާ އޭނަގެ ސަމާލުކަން ދޮލަނގުގައި ހުރި މުރަނގަފަތްތަކަށް ހުއްޓާލަން މަސައްކަތްކުރިއެވެ.

“މަންމާ، ކޮއްކޮ އެއައީ މަންމަ އާއި ބައްދުކުރަން، އޭގެ މާނައަކީ…ވީކަމެއްވެ ނިމިއްޖެޔޭ، އެކަން މާޒީއަށް ދޫކޮއްލާފައި މުސްތަގުބަލާ ކުރިމަތިލުމަށް ކޮއްކޮވެސް ބޭނުންވެޔޭ، އެކަމަކު މަންމަގެ ހިތްވަރަށް އޭނަ ބޭނުންވޭ، ދިރިއުޅުމެއް ފެށިދުވަހު ކޮއްކޮއަށް މަންމަ މުހިއްމުވީމަތާ މިރަށް އެއައީ، ޒައުލްއަކީ ރަނގަޅު ކުއްޖެއް، ބައެއްފަހަރު އަހަންނަށް ހީވޭ އޭނަގެ ސަބަބުންނޭވެސް ކޮއްކޮ މިރަށަށް އެއައީ…ކީއްވެތަ މަންމަ އެމީހުންނާ ވާހަކަ ނުދައްކަން ތިހުންނަނީ، އަދިވެސް މާފުކުރާކަށް ނުވޭތަ، ކިހާ ދުވަހަކުތަ މަންމަ ތިގޮތަށް ހިތްހަރު ކަންމަތީގައި ހުންނާނީ…” ޝަފަގު ވާހަކަދައްކަމުން ފަހީމާގެ ކޮނޑުގައި އަތްޖައްސާލިއެވެ. ދެންވެސް ފަހީމާ އެއްވެސް އެއްޗެއް ނުބުންޏެވެ. ޝަފަގު އެތަށް ވާހަކައެއް ދެއްކުމުންވެސް ފަހީމާއަށް އެއްވެސް އަސަރެއް ނުކުރިހެން ހީވެ އެތަނުން ތެދުވެގެން ދިޔައެވެ.

ދޮރުގައި ޓަކިޖަހާލި އަޑާއިއެކު ޒައުލްއަށް ފިނިކޮށްދިނުމައްޓަކައި ބޯކަރުދާސްގަނޑަކުން ވިހެލަވިހެލާ އިން ޔޫހާ ތެދުވެގެން އައިސް ކޮޓަރީގެ ދޮރުހުޅުވާލިއެވެ. އެއާއިއެކު ދޮރުމަތީގައި ހުރި ޝަފަގު ދެފަރާތަށް ބޯހޫރުވާލުމާއިއެކު ހުއްޓުމެއްނެތި ކޮޓަރިއަށްވަދެއްޖެއެވެ. އެތަންފެނި އެނދުގައި ބަންޑުން އޮށޯވެލައިގެން އޮތް ޒައުލް އަވަސް އަވަހަށް ތެދުވިތަން ޝަފަގަށް ފެނުނީދެނެވެ.

“މާފުކުރޭ…ފަހުން އަންނަންވީދޯ” ޝަފަގަށް ޒައުލްއަށް ވީގޮތް ފެނުމުން އަވަހަށް ބުނެލެވުނެވެ. ޔޫހާ އަވަސް އަވަހަށް ކޮނޑުގައި އަޅުވައިފައި ހުރި ޓީޝާޓް ޒައުލްއަށް ދެމުން އެވަގުތު ރަނގަޅުކަމުގައި ބުންޏެވެ. އަދި ޝަފަގު އެހާ ހާސްވެފައި އައި ސަބަބެއް އަހާ އޮޅުންފިލުވިއެވެ.

“ޔޫހާ، މަންމަ ވާހަކައެއް ނުދައްކާނެ، ހެޔޮނުވާނެ، އެހެނޭ ކިޔާފަ ކޮއްކޮ އެހެންނުހަދާ، ގޮސް މަންމަ އާއި އެއްފަހަރުވިޔަސް އަނގައިން ބުނެބަލަ، ބޮޑުދައްތަގެ ބޯގޮވައިފި، މަންމަވެސް ގޮތްދޫކުރާކަށް ބޭނުމެއްނުވޭ، ކޮއްކޮވެސް ތިހުންނަނީ ކޮއްކޮގެ ގޮތުގަ، އެކަމަކު ތިދެމައިންގެ މެދުގައިވަނީ ހީކުރާވަރަށްވުރެ ވަރުގަދަ ގުޅުމެއްކަން ބޮޑުދައްތައަށް އެނގޭ، ވީއިރު މިގުޅުން މިގޮތަށް އޮވެ އަލުން ކޮއްކޮ ފުރައިގެން ދާކަށް ބޮޑުދައްތަ އެއްގޮތަކަށްވެސް ބޭނުމެއްނޫން” ޝަފަގު ޒައުލް އާއި ޔޫހާއަށް ވަކިވަކިން ބަލާލިއެވެ.

“ދައްތާ، ޔޫހާގެ މަންމަ އާއި އަޅުގަނޑުމެން ވާހަކަ ދައްކާފަ ނޫނީ ފުރައިގެން ނުދާނަން، ހަގީގަތުގައި ވާހަކަދައްކަންވީ އަޅުގަނޑު ކަންނޭގެ، މިހުރިހާ ކަމެއްގެ އަސްލަކީ އަޅުގަނޑު، އަޅުގަނޑުގެ އިހުމާލުންވީކަމެއް އެއީ…” ޒައުލް އެނދުން ތެދުވެގެން އައިސް ޝަފަގުގެ ކުރިމަތީ ހުއްޓުނެވެ. ޔޫހާ ޒައުލްއަށް ބަލާލިގޮތަށް ހުއްޓުން އަރާފައި ހުރެވުނީ ބުނާނެ އެއްޗެއް ނޭނގިގެންނެވެ.

“ޒައުލް، ކީކޭތަ ތިކިޔަނީ، ކޮންކަމަކާ އިހުމާލުވެވުނު ވާހަކައެއްތަ ތިދައްކަނީ….ޔޫހާ، ކޮބާތަ މައްސަލައަކީ” ޝަފަގު އެއްފަހަރު ޒައުލްއަށް ބަލާލަފައި އަނެއްފަހަރު ޔޫހާއަށް ބަލާލިއެވެ.

“ދައްތާ، ކިޔާންއަކީ އަޅުގަނޑުގެ ދަރިއެއް” ޒައުލް ޖެހިލުންވެފައިހުރެވެސް ބުނެލިއެވެ.

“ޔޫހާ…” ޝަފަގުއަށް ސުވާލުގެ ނަޒަރަކުން ބަލާލެވުނީ ޔޫހާއަށެވެ. އޭނަގެ ދެލޯބޮޑުވެ އަނގަހުޅުވިފައި ހުއްޓެވެ.

“މީ ކިޔާންގެ ބައްޕަ، ބޮޑުދައްތަ އަހަންނާ ސުވާލެއްނުކުރަންތަ، އެތަށްފަހަރަކު ދަރިފުޅުގެ ބައްޕައަކީ ކާކުތޯ އޭނަ ކޮބާތާ އެހީމެންނު، މީ އެމީހަކީ…ޒައުލްއަކީ ކިޔާންގެ ބައްޕަ” ޔޫހާ އައިސް ޒައުލްގެ އަތުގައި ހިފާލުމާއިއެކު ޝަފަގުއަށް ބުނެލިއެވެ.

އެއްޗެއް ނުބުނެ ދެމީހުންގެ މޫނަށް ބަލަން އިރުކޮޅަކު ހުރެފައި ޝަފަގު އެކޮޓަރިން ނުކުތީއެވެ. އޭނައަށްވެސް އިތުރަށް ކުރާނެކަމެއް ބުނާނެ އެއްޗެއް ނޭނގުނީއެވެ. މިމަންޒަރު ބަލަންހުރި ޒައުލް ޔޫހާގެ ކޮނޑުގައި ހިފާ ގަޔާކައިރިކޮއްލަމުން ހުރިހާ ކަމެއްވެސް ރަނގަޅުވާނެއޭ ބުނެލިއެވެ.

ހަވީރު ހިޔާ އެރުމުން ޝަފަގުގެ ފިރިމީހާ ރަޝީދު އާއިއެކު ޔޫހާ އާއި ޒައުލް ކިޔާން އާއި ނާއިލް ގޮވައިގެން ރަށުތެރޭގައި ހިނގާލަން ނުކުތެވެ. އެކަމުގައިވެސް ކުރިއަށްހުރީ ޒައުލްއެވެ. އޭނަގެ ސަބަބުން ޔޫހާއަށްވެސް ރަށުތެރެއަށް ނުކުންނަން މަޖުބޫރުވީއެވެ. އެވަގުތަކީ ޖެހިގެން ހުރިގޭ ދިޔާނާވެސް ވައިޖައްސާލަން ގޭބޭރުގައި ހުރި ސިމެންތި އަށިމަތީ ރައްޓެއްސަކާއިއެކު މަޑުކޮއްލައިގެން އިންވަގުތެވެ. އެންމެ ފުރަތަމަވެސް އޭނަގެ ލޮލުގައި އަޅައިގަތީ ޒައުލްއެވެ. އެރަށު ފިރިހެން ކުއްޖެއްނޫންކަން އޭނައަށް ވަގުތުން ނަގައިގަނެވުނެވެ. އެއާއިއެކު ޒައުލްގެ އަތުގައި ހިފާލައިގެން ދިޔަ ކުޑަފިރިހެން ކުއްޖާ އާއި ޔޫހާއަށް ސަމާލުކަން ދެވުނެވެ. ކުއްލިއަކަށް ތެދުވެފައި ކައިރީގައި އިން ރަޙުމަތްތެރިޔާއަށް ވަރަށް އަވަހަށް އެބައަންނަމޭ ކިޔާ ހަލުވިކަމާއިއެކު ގޮސް ފަހީމާމެންގެއަށް ވަނެވެ.

“ކޮބާތަ މަންމަ” ދިޔާނާއަށް ފެންޑާގައި އިން ޝަފަގު ފެނުމާއިއެކު އަހާލިއެވެ.

“ކޮޓަރީގައި އެބައުޅޭ، ގޮވާލަންވީތަ” ޝަފަގުބުނެލިއެވެ. އެއާއިއެކު ދިޔާނާ އަވަސް އަވަހަށް ބޯޖަހާލަމުން އާއެކޭ ބުނެލިއެވެ. ޝަފަގު ތެދުވެގެންގޮސް ކޮޓަރީގައި އޮށޯވެލައިގެން ފިކުރެއްގައި އޮތް ފަހީމާއަށް ގޮވާލާފައި ދިޔާނާ އައިސްހުރި ވާހަކަ ބުންޏެވެ. ވަގުތުން ދިޔާނާ އެއައީ ކޮންބޭނުމެއްގައިކަން ފަހީމާއަށް ވިސްނައިގަނެވުނެވެ. އެހެންވެ ނުކުންނަން ބޭނުން ނުވެފައި އޮވެވެސް ފަހީމާ ކޮޓަރިން ނުކުތެވެ. އަދި ދިޔާނާ އާއި ދެމީހުން ފެންޑާއިން ބޭރަށް ނުކުމެލިއެވެ.

“ފަހީމާގެ ހަގުމަންޖެތަ މިކޮޅަށް އައިސްގެން އެއުޅެނީ، މަށަށް ދެންމެ އެމަންޖެ ފެނުނުހެން ހީވެގެން މިއާދެވުނީ” ދިޔާނާ އަވަހަށް އަހާލިއެވެ.

“ހޫމް” ބަސްމަދުވެފައިވާ ފަހީމާއަށް ހޫންލައްވާލެވުނެވެ.

“ކޮންފިރިހެނަކާއިއެކުތަ އެއުޅެނީ، ގައިމު މިރަށުން އޭނަ ދިޔަވާހަކަ ފަހީމާބުނި، އޭނަގެ ސަބަބުން ތިދެމައިންނަށް ލިބުނީ ކިހާބޮދު ހިތްދަތިކަމެއް، އަނެއްފަހަރު މިކޮޅަށް މި އައީ ކީއްކުރަންށޯ، އަދިއެވެސް ފިރިހެނަކާއިއެކު…” ދިޔާނާގެ ވާހަކަދެއްކުމުގެ ރާގު ހުރިގޮތުން ފަހީމާއަށް ހިތްހަމަނުޖެހެވުނެވެ.

“ދިޔާނާ، ތިބުނީ މަގޭ ހަގު މަންޖެޔޭ، ވީއިރު އޭނަ އަންނާނީ މިތަނަކަށްނޫންތަ، މީއެއްނު އޭނަގެ މީހުން ތިބިތަނަކީ، އޭނައަކީ މީހެއްގެ އަންބެއް، ތިފެނުނު ފިރިހެން ސޮރަކީ ޔޫހާގެ ފިރިމީހާ، އަހަރެން ދަނީ، އަލުން ފަށަފަށައިގެން އެވާހަކަ ދައްކާކަށް އަހަރެން ބޭނުމެއްނޫން، އަހަންނަށް ދިޔާނާ އާއި ތިކަމާ ވާހަކަދައްކާކަށް ވަގިތެއްނެތް” ފަހީމާ މިހެން ބުނެ ދިޔާނާ ބުނާނެ އެއްޗަކަށް އިންތިޒާރުކުރުމެއްވެސްނެތި ގޭތެރެއަށް ވަދެގެން ހިނގައްޖެއެވެ. ދިޔާނާ މޫނުމައްޗަށް ވައްތަރެއް ޖައްސާލުމާއިއެކު ތުންފަތް އެއްފަރާތަކަށް ދަމާލަމުން އެގެއިން ނުކުންނަން ހިނގައިގަތެވެ.

ރޭގަނޑުގެ ކެއުން ކައި ނިމުމާއިއެކު ޒައުލް އާއި ޔޫހާވެސް ފެންޑާގައި މަޑުކޮއްލައިގެން ތިބީ ފަހީމާ ބަދިގެ ލައްޕާފައި އަންނާނެ އިރަކަށެވެ. އޭރު ޝަފަގުވެސް ފެންޑާގައި އިނެވެ. އޭނަ ޒައުލް އާއި ވާހަކަދެއްކިއެވެ. ޒައުލް އޭނައަށް ކުރެވުނު ކުއްގަބޫލު ކުރަންތޯއެވެ. އަދި އޭނަ މިއަދު ވަރަށް އުފާވާކަމެވެ. ޔޫހާއަށް އިތުބާރުކޮށް އޭނަ އާއި ކައިވެނި ކުރުމުންނެވެ. އެމީހުންގެ ވާހަކަ ހުއްޓުމަކަށް އައީ ފަހީމާ ފެނުމުންނެވެ. ޒައުލް ތެދުވެ ފަހީމާ އާއި ކުރިމަތިލިއެވެ.

“ޔޫހާގެ މަންމާ، އަޅުގަނޑަކީ ކާކުތޯ ނާހާނަންތަ، ކިޔާންގެ ބައްޕައަކީ…ޔޫހާއަށް ކިޔާން ލިބެން މެދުވެރިވީ ކާކުގެ ސަބަބުންކަމެއް އެނގޭކަށް ބޭނުމެއްނޫންތަ…” ފުރަތަމަ ފަހަރަށް ފަހީމާގެ ސަމާލުކަން ޒައުލް އާއި ޔޫހާއަށް ހުއްޓިގެންދިޔައެވެ. އެވެސް ޚާއްޞަކޮށް ޒައުލްއަށެވެ. އެމަންޒަރު ބަލަމުންދިޔަ ޝަފަގުއިނީ ހާސްވެ ކަންބޮޑުވެފައެވެ. ފަހީމާ ބުނާނެ އެއްޗަކާއިމެދު ޝައުގުވެރިވެސް ވެފައެވެ.

ޒައުލް ޔޫހާގެ މަންމައަށް ހަގީގަތް ހާމަކުރިއެވެ. އެއްޗެއް ނުބުނެ ޒައުލް އާއި ދިމާލަށް އެސްފިޔަ ޖަހާލުމެއްނެތި ބަލަހައްޓައިގެން ހުރި ފަހީމާގެ މޫނުމަތިން ހިތާމަވެރިކަން ފާޅުވެގެންދިޔައެވެ. ދެންފެނުނީ ކުއްލިއަކަށް ޒައުލްގެ މޫނުގައި ޖެހިތަނެވެ. އެއްފަހަރަކު ނޫނެވެ. ޔޫހާ އަވަސް އަވަހަށް އައިސް ފަހީމާ އާއި ޒައުލްގެ ދޭތެރެއަށްވަދެ ފަހީމާގެ އަތުގައި ހިފެހެއްޓިއެވެ.

“އޭނަގެ މުޅި ދިރިއުޅުން ނަގާލި މީހަކީ ތީ….” މިހެންބުނުމާއިއެކު އެތަށް އަހަރެއްވަންދެން ދެލޮލުގައި ފޮރުވަމުން ސިއްރުކުރަމުން އައި ކަރުނަތައް ސައިލެއްފަދައިން ފަހީމާގެ ދެކޯތާފަތުން ފައިބައިގަތެވެ. އެއާއިއެކުހެން އަރިއަޅާލި ފަހީމާގެ ގައިގާ ޒައުލް ހިފެހެއްޓިއެވެ. އަދި ފެންޑާގައި ހުރި ސަރަންފީގައި ފަހީމާ ގެނެސް ބޭންދިއެވެ. އޭނައަށް މޫނުގައި ދެއަތްއަޅާ ފޮރުވާލުމާއިއެކު ރޮވެނީއެވެ.

“މަންމާ…މަންމާ…” ޔޫހާއަށް ފަހީމާގެ ގާތުގައި އިށީނުމާއިއެކު އޭނަގެ ދެއަތް ފަހީމާގެ ގައިގަ ވަށާލެވުނެވެ. އަދި ފަހީމާއަށް ދެތިންފަހަރަށް ގޮވާލިއެވެ.

“މަންމާ، ހުރިހާ ކަމެއްވެސްވާނީ އެންމެ ރަނގަޅަށް ކަމުގައި ހީކުރޭ، އަހަރެން ޒައުލް އާއިއެކު މިހިރީ އުފަލުން، އަހަރުމެން ދެމީހުންނަށް މާފުކޮއްނުދޭނަންތަ މަންމާ” ފަހީމާގެ ބޮލުގައި ބޯޖައްސާލައިގެން އިނދެ ރޮވިފައިވާ އަޑަކުން ޔޫހާ ވާހަކަދެއްކިއެވެ. ފަހީމާއަށް ޔޫހާގެ ގައިގާ އޮޅުލައިގަނެވުނެވެ. ތަންކޮޅެއް ދުރުގައި ހުރި ޝަފަގުވެސް އޭނަގެ ދެލޯ ފޮހެލިއިރު ޒައުލްގެ ތުންފަތަށްވަނީ ހިނިތުންވުމެއްވެރިފައެވެ. ފަހީމާ ރޮއެރޮއެފައި ޔޫހާ އާއި ވާހަކަދެއްކިއެވެ. އޭނަގެ ދުލުން ޔޫހާއަށް ކިޔުނު އެއްޗެހިތަށް އަނބުރާ ގެންދެވޭނެނަމަ އެކަންކުރަން އޭނަ ބޭނުންވާކަމަށްބުންޏެވެ. ޔޫހާ އެގެއިން ނިކުމެގެން ދިއުމަށް ދޫކޮއްލެވުނީތީ އެކަމާ އެތަށް ފަހަރަކު މާފަށްއެދުނެވެ. ޔޫހާ ފަހީމާގެ ބޮލުގައި ފިރުފިރުމާފައި ނުރޮއެ ހުއްޓާލުމަށް އެދެމުންދިޔައެވެ. ފަހީމާ އޭނަގެ ލޯބިވާ ދަރިފުޅުގެ ދެއަތްތިލަޔާ ނިތްކުރީގައި ބޮސްދިނެވެ. އަދި ދަރިފުޅުގެ ކައިވެނީގައި ބަރަކާތްލެއްވުމަށާއި އެދެމަފިރިންގެ ގުޅުން ގިނަދުވަހަށް ދަންމަވާދެއްވުމަށްއެދި މާތްﷲއަށް ދުޢާކުރިއެވެ.

އާދުވަހަކަށް އިރުއެރީ އުފާވެރިކަމާއި ބާއްޖަވެރިކަން ޔޫހާގެ އާއިލާއަށް ގެނެސްދެމުންނެވެ. ލެއްވި ނަސީބުގެ ނޫރުން އެންމެންގެ ހިތްތަށް އަލިވެ ސާފުވެފައިވެއެވެ. ހެނދުނު ފަހީމާ އާއިއެކު ތެދުވެ ސައިހެދުމުގައި ޔޫހާ އާއި ޝަފަގު މަސްއޫލުވެ އުޅުނެވެ. ބަދިގެ ފަރާތުގައި އޮތް ހުސްތަނުގައި ޕްލާސްޓިކު ގޮނޑިއެއްގައި ޒައުލް އިންއިރު އޭނަގެ ގާތުގައި ރަޝީދު އިނދެ ގޭގެ އަންހެން ވެރިންނަށް ތަފާތު ބަސްތަކުން ދިމާކުރަމުންދިޔައެވެ.

މަންސޫރަށް ޒައުލްގެ ޚަބަރެއް ނުވުމުން އޭނައަށް ލިބިފައިވާ ހާސްކަން އިތުރުވަމުންދިޔައެވެ. އަނެއްކޮޅުން ލާއިގާ ހީވަނީ ގޭގައި ހުޅުޖަހާފާނެހެންނެވެ. ޒައުލްއަށް ގުޅާ ގުޅާ އޭނަ ވަރުބަލިވެއްޖެއެވެ. ފޯނު ނަގަން ހިތަށްވެސް ނާރައެވެ. ނޫނީ ފޯނު އޮންނަނީ ގުޅާއިރު ނިއްވާލާފައެވެ. ރޭގަނޑު ނިދަން ކޮޓަރިއަށްވަދެ ސައިޑް ޓޭބަލް މަތީގައި އޮތް ފޯނަށް އަދިވެސް އެއްފަހަރު ބަލާލަން މަންސޫރުގެ ހިތަށް އެރިއެވެ. ބަލާލެވުނީ ނަސީބެކޭ އޭނަގެ ހިތަށް ކުއްލިއަކަށް އެރިއެވެ.

“ބައްޕާ، އަޅުގަނޑު ކުޑަދުވަސްކޮޅަކަށްފަހު އެނބުރި ބައްޕަގެ ގާތަށް ދާނަން، އަޅުގަނޑާއި ޔޫހަ އާއި އަޅުގަނޑުމެންގެ ދަރިފުޅުގެ ހާލުވެސް ރަނގަޅު، ބައްޕަ ކަންބޮޑުވާންވީ ކަމެއްނެތް” މަންސޫރަށް އައި މެސެޖުގައި އިނގިރޭސިން ލިޔެފައިވެއެވެ.

މަންސޫރަށް އަމިއްލަ ބޮލުގައި އަތްހާކާލުމާއިއެކު ފޯނަށް ބަލަހައްޓައިގެން ހުރެ އެނދުގައި އިށީނދެވުނެވެ. ދުވަހަކުވެސް ޒައުލްއަކީ ގޭތެރޭގައި އުޅޭ އުޅުމުގައިވެސް ބާރަށް އެއްޗެއް ބުނާ ޒުވާނެއްނޫނެވެ. ވީއިރު މިހާ ބޮޑު ބަދަލެއް އައިސްފާނެކަމަށް މަންސޫރަށްވެސް ގަބޫލުކުރަން ދަތިވީއެވެ. މަންސޫރު ސައިޑް ޓޭބަލްގެ މަތީ ފޯނު ބާއްވާލުމަށްފަހު އެނދުގައި ހަށިގަނޑު ދަމާލައިގެން އޮށޯވެލިއެވެ. ވިސްނުމާ ފިކުރުގެ ތެރެއަށް މީހާ ގެނބެމުންދިއުމާއިއެކު އެއްވެސް އިޙްތިޔާރަކާއިނުލާ އެއްއަތްނަގާ ނިތުގައި ބާއްވާލެވިއްޖެއެވެ. އޭނަ މިވަގުތަށް އެންމެ ކަންބޮޑުވެފައިވަނީ ޒައުލް އާއިލާ އާއި ދުރަށް ދިއުމުގެ ވިސްނުމެއް ގެންގުޅެފާނެތީއެވެ. އެކަމާ ލާއިގާ އާއި އެއްވެސް މަޝްވަރާއެއް ކުރިކަމުގައިވިޔަސް ހައްލެއް ނުފެންނާނެކަން ގައިމެވެ.

ހަފްތާއެއްހާ ދުވަސް ޔޫހާގެ ރަށުގައި ހޭދަކޮއްފައި މާލެ އަންނަންވިއިރު ޔޫހާގެ އާއިލާއަށް ޒައުލްގެ ހުރިހާ ވާހަކައެއް ވަނީ އޮޅުންފިލުވާދެވިއެވެ. ޒައުލް ފަހީމާއަށް “ޔޫހާގެ މަންމަ” މިނަމުން ކިޔުންވެސް ހުއްޓާލައިފައި “މަންމަ” ކިޔަން ފަށައިފިއެވެ. އެއީ ފަހީމާގެ އެދުމުގެ މަތިންނެވެ. ޒައުލްއަށް “މަންމަ” މި ލަފްޒު ކިޔަން ކިތަންމެ އުނދަގޫނަމަވެސް އޭނަ ފަހީމާގެ ހިތްހަމަޖެހުމަށް އިސްކަން ދިނެވެ.

“ދަރިފުޅުމެން މިކޮޅުގައި މަޑުކުރިޔަސް މަންމަގެ އެއްވެސް މައްސަލައެއްނެތް، މިހަފްތާ ދިޔަ ގޮތްވެސް ނޭނގުނު، ދުވަސްތައް މާކުރުވެފައި ވަގުތު ދިޔައީ ކިހިނެއްކަންވެސް ނޭނގުނީ ދަރިފުޅުމެން ތިބީމަ، މަންމަ ވަރަށް ދެރަވޭ އަނެއްކާވެސް ޔޫހާ މާލެ ދާތީވެ، ކިޔާންވެސް ދެން ނުފެންނާނެ، އެސޮރަށް މާމަޖައެއްނު މިކޮޅު، އޭނަވެސް ހުންނަން ބޭނުންވަނީ މާމަ ކައިރީ މިރަށުގައޭ ދޯ ދަރިފުޅާ” ފަހީމާ ޒައުލްގެ އުނގަށްވަދެހުރި ކިޔާންގެ އަތުގައި ހިފާގެނެސް ބުރަކަށީގައި ފިރުމާލުމާއިއެކު ގަޔާކައިރިކޮއްލިއެވެ.

“މަންމާ، މިކޮޅުގަ ކިހިނެއްތިބޭނީ، އަޅުގަނޑުގެ މަސައްކަތްތައް ކުރިއަށްދާނީ މާލޭގަ، އެހެންވީމަ ކޮންމެ ގޮތެއް ހަދާފަވެސް އެކޮޅަށް ދާން އެބަޖެހޭ، ޔޫހާ އާއި ކިޔާން މަންމަ ގާތުގައި ބެހެއްޓޭކަށްވެސްނެތް، އަޅުގަނޑަށް ފަސޭހައެއްނުވާނެ އެމީހުނާ ދުރުގައި އުޅޭކަށް، އަނެއްކާ ކިޔާންގެ ކިޔެވުންވެސް ފެށިފައި އެވަނީ މާލޭގައި….އެކަމަކު…މަންމަ ދެރަވާނެކަމެއްނެތް، އިރާދަކުރެއްވިއްޔާ އަޅުގަނޑު ލިބޭ ބަންދުތަކުގައި ޔޫހާ ގޮވައިގެން މިރަށަށް އަންނާނަން” ޒައުލް ބުނެލިއެވެ.

“މިހުރިހާ ކަމެއް ހިނގާ ދިޔައިރު ބައްޕަ ކީއްވެތޯ އަޅުގަނޑަށް ގުޅާނުލީ” ލޫލުއާ އާއި ހާޒިމް ޓެރެސްގައި ތިބެ މަންސޫރު އާއި ވާހަކަދައްކަމުން ބުނެލިއެވެ.

“ދަރިފުޅާ ހުރިހާ ކަމެއް ހިނގާދިޔައީ ވަރަށް އަވަހަށް، ޒައުލް އެއްވެސް ކަމެއް އާއިލާ އާއި ޙިއްސާކުރުމެއްނެތި އެފަދަ ބޮޑު ފިޔަވަޅެއް އެނެގީ” މަންސޫރު ލޫލު އާއި ހާޒިމްއަށް ފުރަގަސްދީގެން ޓެރެސްގެ ރެއިލިންގައި ހިފަހައްޓާލައިގެން ހުރެ ބުނެލިއެވެ.

“އެކަމަކު…ޒައުލް ކޮއްކޮ އެހެން ހަދާފާނެއޭ ވަރަށް ގަބޫލު ނުކުރެވޭ، މާމައަށް ނޭނގި ޒައުލް ކޮއްކޮ ކަމެއް ނުކުރާނެ، އަޅުގަނޑަކަށް ހިޔެއްނުވޭ މިގޭ އެއްކުއްޖަކަށްވެސް މާމަ އާއި ދެކޮޅަށް ކަމެއްކުރަން ކެރޭނެހެނެއް، އަނެއްކޮޅުން މާމައަށް ނޭނގި އެއްވެސް ކަމެއް ނުހިނގާނެ، އަޅުގަނޑަށް ހީވަނީ މާމަ އާއިހެން މިކަމާ ވާހަކަދައްކަންވީ، މާމަ ޒައުލް ކޮއްކޮ އާއި ވާހަކަދައްކަނިކޮށް މިކަން ހައްލުވެދާނެކަންނޭގެ” ޒައުލްގެ ކަންތައްތައް ނޭނގިހުރެ ލޫލުއާ ބުނެލިއެވެ. މަންސޫރު ވަގުތުން އެކަމަށް މަނާކުރިއެވެ. ލާއިގާ އާއި އެއްވެސް ވާހަކައެއް ނުދެއްކުމަށްބުނެ ކަންތައްތައް ފެށުނީއްސުރެން މަންސޫރަށް އެނގިފައިވާ މިންވަރަށް ޔޫހާގެ ވާހަކަތައް ކިޔާދީފިއެވެ. ލޫލުއާގެ ބުމަ މާޔޫސްކަމާއިއެކު އަރުވާލަމުން ކައިރީގައި ހުރި ހާޒިމްއަށް ބަލާލެވުނެވެ. އޭނަ އެއްވެސް އެއްޗެކޭ ނުބުނެ މަޑުން ހުރީއެވެ. ކައިވެނީ ފުރަތަމަ ދުވަސްތައް ރާއްޖެންބޭރުގައި ހޭދަކޮއްލުމަށްފަހު މާލެ އައުމާއިއެކު ލޫލުއާއަށް މިލިބުނީ ނުބައި ޚަބަރެކެވެ. މަޑުމަޑުން އޭނަގެ ހަނދާނަށް ޒައުލްގެ ވާހަކަތައް އަންނަން ފެށީދެނެވެ. އޭނަގެ ކައިވެނި ކުރެވުމުގެ ކުރިންވެސް ޒައުލްއަށް ބަދަލުތަކެއް އަންނަމުން ދިޔައެވެ. ލޫލުއާގެ ގާތުގައިވެސް އޭނަވަނީ ޑީއެންއޭ ޓެސްޓުހެދުމާއި ބެހޭގޮތުން މައުލޫމަތު ހޯދާފައެވެ.

“ލޫލުއާ، ދަރިފުޅަށް އެނގޭތަ، ބައްޕަ އެންމެ ކަންބޮޑުވަނީ ޒައުލް މިގެއިން ނުކުމެގެން ހިނގައިދާނެތީވެ، މިވަގުތު ޒައުލް ހުރިތަނެއްވެސް ބައްޕައަކަށް ނޭނގެ” މަންސޫރު އެނބުރިލަމުން ލޫލުއާއަށް ބަލާލިއެވެ. ދުވަހަކުވެސް މަންސޫރުގެ މޫނުމަތިން އެފަދަ ހާސްކަމަކާ ކަންބޮޑުވުމެއް ލޫލުއާ ނުދެކެވެ.

“ބައްޕާ، ޒައުލް ކޮއްކޮއަށް އަދިވެސް ގުޅޭތޯ އަޅުގަނޑު މަސައްކަތްކުރާނަން، އަޅުގަނޑު އޭނާޔާ ވާހަކަދައްކާނަން، ބައްޕަ އެކަމާ ކަންބޮޑުވެނުލައްވާ” ލޫލުއާ އަވަސް އަވަހަށް ބުނެލިއެވެ.

ޔޫހާގެ ފޯނަށް ދެތިންދުވަހު އައްޔަދު ގުޅުމުންވެސް ފޯނެއްނުނަގައެވެ. އެހެންވެ ޔޫހާގެ ޚަބަރު އޮޅުންފިލާނެ ފަރާތަކީ ހަމައެކަނި އަފްލީންކަން އެނގި އޭނަ އަފްލީނަށް ގުޅިއެވެ. އެކަމުގައި ފުރަތަމަ ފަހަރަށް އަފްލީނަށް ގުޅި އައްޔަދުއަށް މިހާރު ކަމަކާނުލާވެސް އަފްލީނަށް ގުޅާލެވެއެވެ. އެގަޑީގައި އޭނަ ކުރަނީ ކީއްތޯ ބަލާލުމަށެވެ. ޔޫހާ ނެތުމުން އަފްލީނަށް ލިބުނު ފަޅުކަން ފިލުވާލަދިނީ އައްޔަދުއެވެ. އެދެމީހުންގެ މެދުގައި ގާތްކަމެއް އުފެދެމުންދާކަން އެނގޭ އެކަކުވެސް ނެތެވެ. ޔޫހާގެ ފޯނު ކޯލު އައީ އިރުއޮއްސެނިކޮށެވެ. މާލެއަށް އައުމަށް ފުރައިފިކަމުގެ ޚަބަރު އަފްލީނަށް ލިބުމާއިއެކު އަވަސްވެގަތީ އައްޔަދުއަށް ގުޅާލުމަށެވެ.

ޒަރާނާ ޔޫހާގެ މަތިންނާއި ކުޑަކުޑަ ކިޔާންގެ މަތިން ވަރަށް ހަނދާންވެއެވެ. ކުރިއާއި ހިލާފަށް މިހާރު އޭނަގެ ހުސްވަގުތުތައް ވިސްނުމުގައި ހޭދަކުރެއެވެ. މީގެ ކުރިން އޭނަ އާއި މަންސޫރަށް ލިބިފައިވާ ދަރިންނާއިމެދު މިވަރަކަށް ވިސްނާކަށް ނުޖެހެއެވެ. އަދިވެސް ޒަރާނާއަށް ހީވަނީ އިއްޔެވީ ކަމެއްހެން ޒައުލް އާއި ޔޫހާގެ މަންޒަރު ލޯކުރިމަތީ ސިފަވަމުންދާހެނެވެ. ޒައުލް ޔޫހާގެ އަތުގައި ހިފައި ދަމައިގަތް ގޮތެވެ. ޒަރާނާއަށް އޭނަގެ އަމިއްލަ ދިރިއުޅުން ފަދައިން ޒައުލް އާއި ޔޫހާގެ ދިރިއުޅުން ވެދާނެތީ ކަންބޮޑުވެއެވެ. ލާއިގާއަކީ ކާކުކަން އެނގޭތީވެ އޭނަގެ ނުފޫޒު ޔޫހާގެ މައްޗަށް ފޯރާނެކަން އެންމެ ރަނގަޅަށް އެނގޭ މީހަކީވެސް ހުދު ޒަރާނާއެވެ. އެހެންނަމަވެސް ލާއިގާގެ ސަބަބުން އޭނަގެ އެއްވެސް ދަރިއެއްގެ ދިރިއުޅުން ރޫޅިގެންދާތަން ބަލަން އޭނަ މަޑަކުން ނުހުންނާނެއެވެ. ލާއިގާއަކީ އެކުދިންގެ މާމައެވެ. އެކަމަކު ޒަރާނާއަކީ އެކުދިންގެ މަންމައެވެ. މަންމައަށްވުރެ ދަރިންގެ މައްޗަށް ހައްގުކަން ބޮޑު އެހެންމީހަކު ނުހުންނާނެއެވެ.

“ޒައުލް…ދަރިފުޅާ…” ގޭގެ ބިއްދޮށުގައި ހައްދާފައިވާ ބަގީޗާގައި ހުރި އުނދޯލީގައި އެކަނިމާއެކަނި އިން ޒަރާނާއަށް ބުނެލެވުނެވެ.

ޝާއިން ރޮޒޭންގެ އެދުމުގެ މަތިން އޭނަގެ މަންމަ އާއި ކައިވެނީގެ ވާހަކަ ދެއްކިއެވެ. ރޮޒޭންގެ މަންމަގެ ހުއްދަ އާއިއެކު ޝާއިން އާއި ރޮޒޭންގެ ކައިވެނި ކުރަން ހަމަޖެހިއްޖެ ކަމުގެ އުފާވެރި ޚަބަރު ގޭގެ ހުރިހާ އެންމެނަށް ލިބިގެންދިޔައެވެ. އޭގެ އިތުރުން ޝާއިން އެޚަބަރު މެސެޖެއްގެ ގޮތުގައި ޔޫހާގެ ފޯނަށްވެސް ފޮނުވާލިއެވެ. ޝާއިން އާއި ރޮޒޭންގެ ހިތް އުފަލުން ނަށަނީއެވެ. ޝާއިން އޭނަގެ ގެ އަލުން މަރާމާތުކޮށް ކުދިކުދި ބަދަލުތައް ގެނަން ގަސްދުކުރިއެވެ. އެހެންނަމަވެސް އޭނަ ޔޫހާގެ ކޮޓަރި ޔޫހާއަށްޓަކައި ބަހައްޓަން ބޭނުންވެއެވެ. ކޮންމެ ދުވަހަކުން އެގެއަށް ޔޫހާ އަޔަސް އެކޮޓަރިވާނީ ޔޫހާގެ ކޮޓަރިއަކަށެވެ. އެގެއަކީ ޔޫހާގެވެސް ގެއެވެ. ޝާއިން އާއި އަފްލީންގެ އިތުރުން ޔޫހާ އާއި ކިޔާންއަކީވެސް އެއްއާއިލާއެކެވެ.

އުޑުމައްޗަށް ބަލާލުމުން ޔޫހާއަށް ފެނުނީ ދައުރުވަމުންދާ ކުދިކުދި ވިލާކޮޅުތަކެވެ. އަދި ކުރިމަތިން މާލޭގެ މަލަމަތި ފެންނަން ފަށައިފިއެވެ. ފަޒާގައި ހަރުލާފައިވާ ތެތްފިނިކަމާއިއެކު ދެއަތްދެއަތާ ހާކާލުމަށްފަހު މެޔާދިމާލުން ދެއަތް ހުރަސްކޮއްލިއެވެ. އެތަންފެނި ޒައުލް ޔޫހާގެ ފުރަގަހުން އައިސް އޭނަގެ ގައިގާ ބައްދާލިއެވެ. ފަތިހުގެ އެންމެ ފަހުވަގުތުކޮޅެވެ. ގިނައިރެއްނުވެ މުޅިން އާދުވަހަކަށް އިރުއަރައިދާނެއެވެ. އެއްވެސް ހިޔާލެއް ފިކުރެއްނެތި އެހިތްގައިމު ވަގުތުކޮޅުން އުފާހޯދުމަށް ޔޫހާ ބޭނުންވިއެއްކަމަކު އެކަމެއް ނުވިއެވެ. އޭނައަށް ކުރިމަތިންލާން ޖެހިފައިވަނީ އަނެއްކާވެސް ދިރިއުޅުމުގެ މުޅިން އާބާބަކާއެވެ. ޒައުލް ދެން އޭނަ ގެންދާނީ ކޮންތާކަށްކަމެއް ނޭނގެއެވެ. ޔަގީނުންވެސް ޒައުލްގެ ފަރާތުން ލިބޭ ލޯތްބާއި އަޅާލުން އޭނައަށް ފުދެއެވެ. ކައިވެންޏަށް ގިނަދުވަހެއް ނުވަނިސް މިހާ އަވަހަށް ޔޫހާ އޭނަ އާއި ޒައުލްގެ ކައިވެންޏާއިމެދު ހިތުގައި ބިރުވެރިކަމެއް އުފެދިފައިވެއެވެ.

“ހިނގާ ކެބިންގެ ތެރެއަށް، އަހަންނަށް ހޭލެވުނު އިރު ޔޫހަ ނެތީމަ އެނގުނު މިތަނުގައިކަން ހުންނާނީ، ފިނިވެފަ މިހާރުވެސް ތިހިރީ، މާލެ ފަޅަށްވަދެވުނީމަ އަޒީ އަންނަނާނެ ގޮވަން” ޒައުލް ކުރިއަށްވުރެވެސް ބޮޑަށް ޔޫހާ އެއަތުގެތެރެ ބާރުކޮއްލަމުން ބުނެލިއެވެ.

“ދެން މިއާދެވުނީއެއްނު، އިރުކޮޅަކުން އިރުއަރާނެ، އަހަރެންގެ ލޮލުގައި ނިންޖެއްނެތް…އެކަމަކުވެސް ހިނގާ” ޔޫހާ އެނބުރިލަމުން ބުނެލިއެވެ. ޒައުލް ހީނލާފައި ޔޫހާގެ އަތުގައި ހިފައިގެން ހިނގައިގަތެވެ.

ގާޑަންވިއުގެ ޕާކިންލޮޓުގައި ބައްވާފައި އޮތް ޒައުލްގެ ކާރުގައި ޖަމާލު އައިސް އެއްނަންބަރު ފާލަމާ ދިމާލުގައި މަޑުކޮއްލިއެވެ. އަދި ކާރުން ފައިބާ ކާރުގެ ޑިކީ ހުޅުވާލީ ތޮށިގަނޑުމައްޗަށް ފޭބި ޒައުލް ފެނުމުންނެވެ. އޭނަ ކިޔާން އާއި ޔޫހާ ފޭބުމަށް އެހީތެރިވެދިންއިރު ޖަމާލު އަވަސްވެގަތީ އެމީހުންގެ ފޮއްޓާ ޒައުލްގެ ދަބަސް ކާރަށް ލުމަށެވެ.

“ބާއްޖަވެރި ހެނދުނެއް ކުޑަ ސާހަބް، ދަތުރު ކިހިނެއްތޯ” ޒައުލްމެން އެރުމަށް ކާރުގެ ދޮރު ހުޅުވާލަ ދީގެން ހުރި ޖަމާލު ބުނެލިއެވެ. ޒައުލް ހީނލުމާއިއެކު ޖަމާލުގެ ކޮނޑުގައި ޖަހާލިއެވެ. ޒައުލް އެހުރީ ވަރަށް ރަނގަޅު މޫޑެއްގައިކަން ޖަމާލަށް ޔަގީންވިއެވެ. އޭނަގެ ތުންފަތަށްވެސް ހިނިތުންވުމެއް ވެރިވެގެންދިޔައެވެ.

އެމީލީ ހިޔާގޭ ގޭޓު ކުރިމައްޗަށް ކާރުމަޑުކޮއްލުމާއިއެކު ދޮރުފާރައަށް އިން ސެކިއުރިޓީ އޮފިސަރު އަވަހަށް ގޮނޑިން ތެދުވެ ގަރާޖުގެ ދޮރު ހުޅުވާލިއެވެ. ޔޫހާގެ ހިތް ބާރަށް ތެޅެމުންދިއުމާއިއެކު ތިރީތުންފަތުގައި މަޑުމަޑުން ދަތްއަޅާލެވުނެވެ. އެގެއަށް އޭނަ އައި ފުރަތަމަ ދުވަހު ވީގޮތް ހަނދާނަށް އައުމުންނެވެ. ޒައުލް އާއި އޭނަ ދިރިއުޅޭނީ އެގޭގައިކަން ޒައުލް ނުބުނީ ކީއްވެބާއޭ އޭނަގެ ހިތަށްއެރިއެވެ. އަނެއްކޮޅުން ޒައުލްގެ ގެއަކީ އެއީކަމުގައިވެސް ޔޫހާއަށް އެގެއެވެ. ނަމަވެސް އޭނަގެ ޒަމީރު ބުނަނީ އެހެން ވާހަކައެކެވެ. އެގޭގައި އުޅުމަށްވުރެ ޒައުލް އާއިއެކު ޝާއިންމެންގޭގައި އުޅުންވެސް މާހިތަށް ފަސޭހަވާނެކަމެވެ. ކާރުގެ ދޮރުހުޅުވާލި އަޑަށްވެސް ޔޫހާ ދިޔައީ ސިއްސައިގެންނެވެ. އެކަން ޒައުލްއަށް ފާހަގަކުރެވުނެވެ.

“ޔޫހާ، ހުރިހާކަމެއްވެސް ރަނގަޅުވާނެ، ހާސްނުވެބަލަ” ޒައުލް ޔޫހާއަށް އަތްދިއްކޮއްލިއެވެ.

ހެނދުނުގެ ސައި ބުއިމަށް ކާމޭޒުކައިރީ މަންސޫރާއި ލާއިގާގެ އިތުރުން އީލާކްވެސް އިނެވެ. އީލާކް ކޮންމެވެސް ވާހަކައެއް ލާއިގާ އާއި ދައްކަމުންދިޔައެވެ. ޓޯސްޓުކޮއްލެވިފައި އޮތް ހުސްޕާންފޮތީގައި އަނގަޖަހާލި މަންސޫރަށް ކާކޮޓަރީގެ ދޮރުމަތީ ހުއްޓުނު ބަޔަކު ފެނުމުން އަތުގައި އޮތް ޕާންފޮތި ވެއްޓުނެވެ. އެއާއިއެކު މޭޒުގެ ދޮށުގައި ތިބި އެންމެނަށްހެން ކާކޮޓަރީގެ ދޮރުމަތީ ހުރި ޒައުލްގެ ދެމަފިރިންނާއި ދަރިފުޅު ފެނިއްޖެއެވެ.

“މިގެއަށް އޭނަ ގޮވައިގެން ތިއައީ ކީއްކުރަން، މިގެއިން އެއްޗެހިތަކެއް ލިބޭނެކަމަށް ހީކޮއްތަ…ޒައުލް ކަލޭގެ ތި ކޫޑި ގޮވައިގެން މިގެއިން ނުކުމޭ” ލާއިގާގެ އަޑުއިވިގެންދިޔައެވެ. އެގެއަށް ވަނީއްސުރެން އިސްޖަހާލައިގެން ހުރި ޔޫހާ އަދިވެސް ހުރީ އެހެންނެވެ. މަންސޫރުގެ ގޮނޑި ފަހަތަށް ދެމިގެން ދިޔަ އަޑުއިވުނެވެ.

“މަންމާ، ޒައުލްއަކީ އަޅުގަނޑުގެ ދަރިއެއްނޫންތަ، މިގޭގައި އުޅޭނީ އަޅުގަނޑުމެންގެ ދަރިންނެއްނޫންތަ، ޒައުލް އުޅޭނީ މިގޭގައި…..” ދަރިފުޅާމެދު ކަންބޮޑުވެފައި ހުރި މަންސޫރަށް ބުނެވުނެވެ.

މަންސޫރުގެ ސަބަބުން ޒައުލްއަށް އިތުރު ހިތްވަރެއް ލިބިގެންދިޔައެވެ. އޭނައަށް ލާއިގާ ނުގަބޫލުކަން އެނގޭއިރުވެސް ޔޫހާ ގޮވައިގެން އަމިއްލަ ގެއަށް އަންނަން ނިންމީ ވަރަށް ވިސްނާފައެވެ. އެންމެ ބޮޑު ބޭނުމަކީ ލާއިގާގެ ވިސްނުން ޔޫހާ އާއިމެދު ބަދަލުކޮއްލުމެވެ. އެދެމަފިރިންނަކީވެސް އެއާއިލާގެ ބައެއްކަމުގައި ހެދުމެވެ. ޒައުލް މަންސޫރަށް ބަލާލުމަށްފަހު ހިނިތުންވެލިއެވެ.

“ދަރިފުޅު ސައިބޯންވީނު” މަންސޫރު ޒައުލްއަށް ބަލާލާފައިބުނެލިއެވެ. އޭނަގެ އެއްވެސް ފަރުވާލެއް ޔޫހާއަކަށް ނެތެވެ. ލާއިގާއަށް ލިބުނު ހައިރާންކަމާއިއެކު ވީ ފޫހިން ތުން އަނބުރާލިއެވެ. އަދި ޒައުލް ކަންތައްކުރާ ގޮތެއް ބަލަން އޭނަ އާއި ދިމާލަށް ބަލަހައްޓައިގެން އިނެވެ. ހީވަނީ ޒައުލް އެމޭޒުގެ ދޮށުގައި ޔޫހާ އާއިއެކު އިށީނދެއްޖެނަމަ އޭނަ އެތަނުން ނުކުންނަން ތައްޔާރަށް އިންހެނެވެ.

“ބައްޕާ މިއައީ ދިގު ދަތުރެއްކޮއްފައި، ޔޫހާ އެހުރީ ފެންވާރާލަންވެސް ބޭނުންވެފަ، އެންމެ ރަނގަޅު ތޯ އަޅުގަނޑުމެން ތާޒާވެލައިގެން ސައިމޭޒުދޮށަށް އަޔަސް” ޒައުލް މަންސޫރާއި މުހާތަބުކުރީ އަދަބުވެރިކަމާއިއެކުއެވެ. މީގެ ކުރިންވެސް އޭނަގެ ބައްޕަ އާއި ވާހަކަދައްކާ އުސޫލުންނެވެ. މަންސޫރަށް އެގޮތް ކަމުދިޔައެވެ. ޒައުލްއަށް ބަލަހައްޓައިގެން އިނދެ މަޑުމަޑުން ބޯޖަހާލިއެވެ.

“މާމާ، އެކުޑަކުއްޖާޔާ އެ އަންހެން މީހާ އުޅޭނީ ދެން މިގޭގަތަ، އަޅުގަނޑު ހީކުރީ ދޮންބެ އެއަންހެން މީހާޔާ މެރީކޮއްގެން އަޅުގަނޑުމެންނާ ވަކިވީކަމަށް” ޒައުލްމެން ކާކޮޓަރިން ނުކުމެ ލޮލުކޮޅަށް އޮބާލުމާއިއެކު ކެތްތެރިކަން ކުޑަގޮތަކަށް އީލާކް އަހާލިއެވެ.

“ނޭނގެ އަހަންނަކަށް، އީލާކްގެ ބައްޕަ ކައިރިން އަހަންވީނު، މި މާމަގެ ބަހެއް މިހާރު މިގޭތެރޭގަ އަޑުއަހާނެ މީހަކު ނެތް” ލާއިގާ ހިތްހަމަނުޖެހިފައި އިނދެ ނުސިދާގޮތަކަށް މަންސޫރަށް ބުނެލިއެވެ.

“އީލާކް، މީ ހުރިހާ ކުދިންގެވެސް ގެ، ދޮންބެ ވަކި ކޮންތާކަށް ދާނީ، އެހެންވީމަ މީހަކާ އިނދެގެންވެސް އުޅޭނީ މިގޭގައެންނު، ދަރިފުޅުވެސް ގޭތެރޭގައި އުޅޭއިރު އެހެންމީހުންނަށް އުނދަގޫ ނުވާނޭހެން އުޅެންވާނީ” މަންސޫރު އީލާކްއަށް ވިސްނާދޭފަދަ ގޮތަކަށް މިހެން ބުނެލަމުން ހިނިތުންވެލިއެވެ. އަދި ހެނދުނުގެ ނާސްތާ ކުރިއަށް ގެންދިޔައެވެ.

ޒައުލްގެ ބޮޑު ކޮޓަރިއަށް ޔޫހާ ވަނުމާއިއެކު ހީވި ކުޑަވަރެއްގެ ގަނޑުވަރަކަށް ވަދެވުނުހެންނެވެ. ކޮޓަރީގެ ބޮޑުކަމާއި އެކޮޓަރީގައި ހުރި ފަރުނީޗަރާއި ކޮޓަރީގައި ބަހައްޓާފައި ކޮންމެ އެއްޗެއްގައިވެސް ވަނީ މުއްސަނދިކަމެވެ. ދިމާލަކަށްވެސް ގުޑިލަން ނުކެރިފައި ޔޫހާ ހުރީ އޭނަގެ ސަބަބުން އެއިން އެއްޗަކަށް އުނިކަމެއް އަތުވެދާނެއެ ހިތާއެވެ.

“ކިހިނެއްވެފަ ތިހިރީ، ވިސްނަނީ ދޯ، ކަމޯން ޔޫހާ، މާމަ އެހެން އެއްޗެހި ބުންޏަސް މާބޮޑު ފަރުވާލެއް އެކަމަށް ބަހައްޓާނެކަމެއްނެތް، ކުރީގަ ބައްޕަވެސް މިކައިވެންޏާ ދެކޮޅު، އެކަމަކު މިހާރު ވާހަކަހުރިގޮތުން ހީވަނީ ބައްޕަ އަހަރެންގެ ނިންމުމާއިމެދު ފާޑުކިޔަން އިތުރަށް ބޭނުންނުވާހެން، އަހަރެންގެ މި ނިންމުން ގަބޫލުކޮއްފިހެން، މާމަވެސް އެކަން ގަބޫލު ކުރާނެ، ޔޫހާ ވާނެ މާމައަށް ވަގުތުދޭން، އެހާ ފަސޭހައިން މާމަގެ ހިތެއް އަތެއްނުލެވޭނެ” ޒައުލް އޭނަގެ ދަބަހާއި ފޮއްޓާ އެއްޗެހި ބަހައްޓާލުމަށްފަހު ގަބުވެފައި ހުރި ޔޫހާގެ ގާތަށް އައިސް އޭނަގެ އަތުގައި ހިފާލަމުން ބުނެލިއެވެ. ޔޫހާ ޒައުލްއަށް ބަލާލަމުން ހިނިތުންވެލިއެވެ. އެހިނިތުންވުމުން ޒައުލްއަށް އޭނަ ބޭނުންވި ޖަވާބު ލިބުނު ކަހަލައެވެ. އޭނަވެސް ހިނިތުންވެލީއެވެ. އެދެމެދަށް އައިސް ވަނީ ކުޑަކުޑަ ކިޔާނެވެ. އޭނަ ޒައުލް އާއި އެކިއެކި ސުވާލުތަން ކުރަންފެށިއެވެ. ކޮޓަރި އާއި ގުޅިގެންނެވެ.

ޒައުލްމެންގެ ގޭގައި ޔޫހާގެ ފުރަތަމަ ދުވަސްކަމަށް ވާތީ ޒައުލް ނިންމީ މުޅި ދުވަހު ޔޫހާގެ ގާތުގައި ވަގުތު ހޭދަކުރުމަށެވެ. ގޭގެ އެކިއެކި އުސޫލުތަކާއި ގޭގައި އުޅޭ މީހުންގެ ޠަބީޢަތް ހުންނަގޮތް ކިޔާދިނުމަށެވެ. އެމީހުންނަށް ހެނދުނުގެ ސައިގައި ބައިވެރި ވުމަށް ކާމޭޒުދޮށަށް ދެވުނުއިރު އެހެންމީހުން ސައިބޮއެގެން ހިނގައްޖެއެވެ. ނަމަވެސް ޒައުލް އެކަމާ އަޅައެއްނުލިއެވެ. އޭނަ އާއިއެކު ޔޫހާ އާއި ކިޔާން އިނުމުން އޭނަގެ އެކަނިވެރިކަން ވަނީ ފިލައިގެން ގޮސްފައެވެ. ކިޔާންގެ ވާހަކަތަކުން ސައިމޭޒު ކައިރީ އެހީތެރިވުމުގައި އުޅޭ ގެންގުޅޭކުއްޖާވެސް ހުރީ ހިނިއައިސްފައެވެ.

މެންދުރުވާންވިއިރު ލޫލުއާ އާއި ހަމައަށްވެސް ޒައުލް ގެއަށް އައި ޚަބަރު ފޯރައިފިއެވެ. އެދެމަފިރިން މެންދުރުގެ ކެއުމުގައި ބައިވެރިވުމަށް ލޫލުއާގެ ގެއަށް އައެވެ. ޒައުލްގެ އަނބިމީހާ ބަލާލުމުގެ ޝައުގުވެރިކަން ލޫލުއާ އާއ ހާޒިމްގެ ހިތުގައިވެސް ވެއެވެ.

“ލުއާ، އަހަރެން ވަރަށް ލޯބިވޭ ލުއާދެކެ” ހާޒިމް ކާރުގައި އިނދެ ލޫލުއާގެ އުނގުގައި ބާއްވާލެވިފައި އޮތް އަތްތިލާގައި އޭނަގެ އަތްޖައްސާލަމުން ބުނެލިއެވެ.

“ހެ ހެ ހެ….އަހަރެންވެސް ވަރަށް ލޯބިވޭ ހާޒިމްދެކެ، ކުއްލިއަކަށް ތިހެން ތިބުނީ ކީއްވެތަ، މާލެ އައިފަހުން ކޮޓަރިން ބޭރުގައި ތިހެން ބުނި މީ ފުރަތަމަ ފަހަރު” ލޫލުއާ ފާހަގަކޮއްލިއެވެ. ހާޒިމް ލުގޮތަކަށް ހީނލިއެވެ.

“އަހަރެން މިވިސްނަނީ، ލޯތްބަކީ ފާޑެއްގެ އެއްޗެކޭ، އަހަރެން ދެކޭގޮތުގައި ލޯބީގައި ތަފާތުކުރުމެއް ނުވޭ، މިބުނީ މުއްސަނދި މީހާއަށްވެސް، ފަގީރު މީހާއަށްވެސް ލޯބިވުމުގެ ހައްގު ލިބިގެންވޭ…” ހާޒިމް ދުރަށް ވިސްނުން ހިންގަމުން ވާހަކަދެއްކިއެވެ.

“ޒައުލް ކޮއްކޮގެ ވާހަކަ ބުނަންތަ ތިއުޅެނީ” ލޫލުއާއަށް ހީވެގެން އަހާލިއެވެ.

“އަހަރުމެންނަށް ހަގީގަތެއްނޭނގޭ، ޒައުލް އެއަންހެން ކުއްޖާދެކެ ހަގީގީ ލޯބިވާތީ އެހިސާބަށް ކަންތައްތައް ގެންގޮސްގެން އެއުޅެނީ، އަހަންނަށް ޒައުލް އާއިއެކު ހޭދަކުރެވުނު ކުޑަދުވަސްކޮޅުގެ ތެރޭގައިވެސް އޭނައަކީ ދުރުވިސްނޭ މީހެއްކަން އަހަންނަށް އެނގުނު، އަނެއްކާ އޭނަ ކުރަން ނިންމައިފި ކަމެއް އޭނަ ކުރާން، އަހަރެން ކައިރީ ދުވަހަކުވެސް ނެތް ދޮގެއް ހަދާފައެއް، އަނެއްކާ ތިގޭތެރޭގައި އޭނަ އުޅޭތަންވެސް އަހަންނަށް ފެނުނު، އޭނައަކީ ބަސްމަދު ފިރިހެނެއް، އެކަމަކު އާއިލާ ދެކެ ވަރަށް ލޯބިވާ ޒުވާނެއް…ލުއާ، ޒައުލްގެ ނިންމުން ގޯސްވާނެއެކޭ އަހަރެންގެ ހިތެއްނުބުނޭ، މިކަމާ ވަރަށް ގިނަ ގޮތްގޮތަށް ވިސްނިއްޖެ، އެކަމަކު ހިތާ ސިކުނޑިވެސް އެއްބަސްވަނީ އެއްކަމަކަށް….މިބުނާހެން، ޒައުލް ގޯސް ނިންމުމެއް ނުނިންމާނެކަން” ހާޒިމް ބުނެލިއެވެ.

“ހާޒިމްގެ ހިތާ ސިކުނޑި ބުނަނީ ހަމަ ތިހެންތަ” ލޫލުއާ ޔަގީންކޮއްލުމަށް ހާޒިމްބުނިއެއްޗެއް ތަކުރާރުކޮއްލިއެވެ. އެއާއިއެކު ހާޒިމް ހޫންލައްވާލަމުން ބޯޖަހާލިއެވެ.

“އެހެންވެއްޖެއްޔާ އަހަރެން ހާޒިމްގެ ވާހަކަ ގަބޫލުކުރަން، ޒައުލް ކޮއްކޮ އަހަރުމެންގެ އާއިލާގެ ރެސްޕެކްޓް ގެއްލޭފަދަ ކަމެއް ނުކުރާނެއޭ އަހަރެންގެ ހިތްވެސް ބުނަނީ، މާމަ އެކިޔާހާ އެއްޗެހިހެން އަހަންނަށް ރަނގަޅުގޮތް ނޭގިފަ މިހުންނަނީ، އެކަމަކު ޒައުލް ކޮއްކޮ އާއި މިއަދު ދިމާވާނެތާ، ހުރިހާ ކަމެއް އޮޅުން ފިލުވާފަ ނޫނީ ގުޑިވެސް ނުލާނަން” ލޫލުއާ ބުނެލިއެވެ. އަދި ސަމާސާ ގޮތަކަށް ހީނލިއެވެ.

ކިޔާން އާއިއެކު ޒައުލް ސިޓިން ރޫމުން ބޭރަށް ނުކުތްވަގުތެވެ. ޔޫހާވެސް ދިޔައީ އެމީހުންގެ ފަހަތުން ދިއުމަށެވެ. އެވަގުތު ނަސީބަކުން ސިޓިން ރޫމުގައި އެކަކުވެސް ފެންނާކަށްނެތެވެ. ހަމަޖެހިލައިގެން ޒައުލްއަށް ގޮވާލާފައި އެމީހުންގެ ފަހަތުން ނުކުންނަން ދިޔަ ޔޫހާގެ ލޮލުގައި އެއްފަރާތު ފާރުގައި ހަރުކޮއްފައި ހުރި ބޮޑު ފޮޓޯގައި އަޅައިގަތީ ދެނެވެ. ވަގުތުން މީހާ ހީވީ ގަނޑުވިހެންނެވެ. މީގެ ކުރިން އޭނައަށް އެފޮޓޯގައި އަޅައިނުގަތީ ކީއްވެބާއޭ ޒަމީރާ ސުވާލުކޮއްލެވުނެވެ.

“މިނޫނީ ޔޫހާ އިސްއުފުލާ ބަލާލައިފިންތަ މިގޭގެ އެއްވެސް ތަނަކަށް…” އޭނަގެ އަމިއްލަ ޒަމީރުގެ އަޑުއިވިގެންދިޔައެވެ. އެއީ ތެދެކެވެ. އެގެއަށް އޭނަ ވަނުމަށްފަހު އެވާގޮތެއް ނޭނގެއެވެ. އިސްއޮބާލުމާއިއެކު ބޭނުންވަނީ ދެލޯވެސް މަރާށެވެ. އެއްވެސް ދިމާލަކަށް ބަލާލުމުގެ ޝައުގެއްނުހުރެއެވެ. އެހެންވީމަ ތާއެވެ. އެގެއަށް ފުރަތަމަ އައި ދުވަހުވެސް ލޮލުގައި އަޅައެއް ނުގަތެވެ. މިއަދު ހެނދުނު އެގެއަށް ވަދެގެން އައިއިރުވެސް އެފޮޓޯ އެތަނުގައި ހުއްޓެވެ. ނަމަވެސް ޔޫހާގެ ލޮލުގައި އަޅައިނުގަތީއެވެ. ހަގީގަތުގައި ފޮޓޮއެއް އިންކަން ޔޫހާއަށް އެނގެއެވެ. އެހެންނަމަވެސް އެފޮޓޯގައި ތިބީ ކޮންބައެއްކަން އޭނައަށް ފާހަގަ ނުކުރެވުނީއެވެ. އެމީހުންގެ މޫނުތަށް ވަކިވާ ވަރަށް އިސްއުފުލާ ބަލާނުލެވެނީއެވެ. ޔޫހާއަށް އެތަށް އިރަކު އެފޮޓޮއަށް ބަލަހައްޓައިގެން ހުރެވުނެވެ. ކުއްލިއަކަށް ޒައުލް ގޮވާލި އަޑުއިވުމާއިއެކު ޔޫހާ ސިހިގެންދިޔައެވެ. އަދި ތުރުތުރު އަޅަ އަޅާއޮތް އަޑަކާއިއެކު މިއަންނަނީއޭ ބުނެލިއެވެ. ޔޫހާގެ ސިކުނޑި ތެރޭގައި އެތަށް ކަމެއް އެއްފަހަރާ އެނބުރިގަތްކަހަލައެވެ. އޭނަގެ ވިސްނުން އެކިކޮޅު ކޮޅަށް ހިންގަންފަށައިފިއެވެ. ޒައުލްގެ ކައިރީގައި އައިސް ހުއްޓިލަމުން މާނައެއްނެތްގޮތެއްގައި ދެއްކުންތެރިކަމުގެ ހިނިތުންވުމެއް ދިނެވެ. ބޭނުމަކަށްވީ ޒައުލްއަށް އޭނަގެ ސިކުނޑީގައިވާ އެއްޗެއް ސިއްރުކުރުމެވެ.

ގޭޓުން ވަދެގެން އައި ލޫލުއާ އަވަސްވެގަތީ ޒައުލް ހުރި ހިސާބެއް އޮޅުން ފިލުވުމަށެވެ. އޭރު ކޮނޑުކެނޑިއަކާއި ސޯޓެއްލައިގެން ޒައުލްގެ ކާރު ދޮންނަން ޖަމާލު އުޅެއެވެ. އޭނަގެ ފަރާތުން ޒައުލް ހުރި ހިސާބެއް ލޫލުއާ އާއި ހާޒިމްއަށް އޮޅުންފިލިއެވެ.

ޒައުލްގެ ކޮޓަރީގައި މީހަކު ވަރަށް އަވަސް އަވަހަށް ޓަކިޖަހަންފެށުމުން އޭނަ އައިސް ހުޅުވިއެވެ. އޭރު އޭނަ ހުރީ ފެންވަރައިގެން ނުކުތްގޮތަށް އުނުގައި އަނދެލައިގެން ހުރި ތުވާއްޔާއިއެކުގައެވެ. ދޮރުމަތީ ހުރި ލޫލުއާ އާއި ހާޒިމް ފެނުމުން އެމީހުންނެކޭ އެއްގޮތަކަށް ޒައުލްގެ ތުންފަތަށްވެސް އުފާވެރިކަމުގެ ހިނިތުންވުމެއްވެރިގެންދިޔައެވެ.

“ދޮންތާ، މަޑުކޮއްލާ، ފައިވް މިނެޓްސް… ނުދައްޗޭ” ޒައުލް ބުނެލި ގޮތުން ހީވީ އޭނަވެސް އެހުރީ އެމީހުންގެ އިންތިޒާރުގައި ހެންނެވެ. ހިނިއައިސްފައި ހުރި ލޫލުއާ އަވަސް އަވަހަށް ބޯޖަހާލިއެވެ. ޒައުލް މެންދުރުގެ ކެއުން ކާންދާންވާއިރަށް ފެންވަރާ ރީތިވެލީއެވެ. އޭނަ ލޫލުއާމެން އައިސްތިބިކަން ޔޫހާއަށް އަންގާލިއެވެ. އޭރު ޔޫހާވެސް ހުރީ ރީތިވެލައިގެން ކިޔާން ރީތި ކުރުމަށެވެ. ޒައުލް ހަލުވިކޮށްގޮސް އަވަހަށް ކޮޓަރީގެ ދޮރު ހުޅުވާލިއެވެ. އެތެރެއަށް ވަދެގެން އައި ހާޒިމް އާއި ލޫލުއާއަށް ޔޫހާ އާއި ކިޔާން ފެނުމުން ހުއްޓެވުނެވެ.

“ޑެޑީ…ކޮއްކޮ އެއްޗެހި ނުލާ މިހިރީ” ކުއްލިއަކަށް ބަޔަކު ވަނުމުން ޖަންގިޔާކޮޅުގައި ހުރި ކިޔާން ޔޫހާގެ ގައިގާ ބައްދައިގަންނަމުން ބުނެލިއެވެ. އެތަންފެނި ލޫލުއާ އާއި ހާޒިމް ހޭންފެށިއެވެ. ޒައުލް އެއީ އެވަރު ކަމެއްނޫންކަމުގައި ކިޔާންއަށް ވިސްނާދޭން އުޅުނެވެ. ޔޫހާ އަވަސް އަވަހަށް ކިޔާން ލައްވަން ތައްޔާރުކޮއްފައި ހުރި ޓީޝާޓުކޮޅާއި ޖިންސު ލެއްވިއެވެ. ލޫލުއާއަށް ކިޔާން ފެނުނީ ދެނެވެ. އޭނަގެ މޫނުމަތީގެ ކުލައެއްކޮށް ފަނޑުވެގެންދިޔައީ ލިބުނު ހައިރާންކަމާއިއެކުއެވެ. އޭނަ އާއިއެކު ބޮޑުވި ފިރިހެންކޮއްކޮގެ ކުޑައިރުގެ ހަނދާންތައް އާލާވެގެންދިޔަ ކަހަލައެވެ.

“ދޮންތާ، އެއީ އަހަރެންގެއޭ ބުނީމަ ދޮންތަވެސް ގަބޫލެއް ނުކުރާނަންތަ” ޒައުލްއަށް ލޫލުއާގެ މޫނަށް އަރާފައިބައިގެންދިޔަ ކުލަވަރު ފެނި ބުނެލިއެވެ. ހާޒިމްއަށް ވާނުވާ ނޭނގިފައި ހުރިފަދަ ގޮތަކަށް އެއްފަހަރު ލޫލުއާގެ މޫނަށް އަނެއްފަހަރު ޒައުލްގެ މޫނަށް ބަލާލެވެއެވެ. ޒައުލް ކިޔާނަށް އަތްދިއްކޮލުމަށްފަހު އަންނާށޭ ބުނެ އިޝާރާތްކޮއްލިއެވެ. ކިޔާން ލަދުން ހުންނަ ފަދަ ގޮތަކަށް މަޑުމަޑުން އެނދުމަތިން ފައިބައިގެން ޒައުލްގެ ގާތަށް ދިޔައެވެ.

“މީ ދަރިފުޅުގެ އާންޓް އެނގޭ” ޒައުލް ކިޔާން އާއި އެއްހަމައަށް ތިރިވެލަމުން ބުނެލިއެވެ.

“ހެލޯ…ގުޑް އާޕްޓަނޫން، ތެންކިއު…” ކިޔާން ލޫލުއާގެ އަތުގައި ސަލާމްކޮއްލުމަށް ހިފާލުމާއިއެކު އޭނައަށް ދަސްވެފައިވާ އިނގިރޭސި ބަސްތައް ބޭނުންކޮއްލިއެވެ. ހާޒިމް އާއި ދެންތިބި އެންމެންގެ ގާތަށް ހިނިއައިއިރު ލޫލުއާއަށް ކިޔާން އާއި އެއްހަމަޔަށް ތިރިވެވިއްޖެއެވެ.

ކުލުނުން ފުރިގެންވި ބަލާލުމަކާއިއެކު ލޫލުއާއަށް ކިޔާންގެ މޫނުގައި ފިރުމާލެވުނެވެ. ކިޔާން ހިނިތުންވެލައިގެން ހުރީ ރަކިވެފަ ހުންނަފަދަ ގޮތަކަށެވެ. ލޫލުއާ ތެދުވެ ހާޒިމްއަށް ބަލާލި ގޮތުން އޭނަ ކޮންމެވެސް ވާހަކައެއް ބުނަން ބޭނުންވެފައި ހުރިހެން ހީވިއެވެ.

“ލުއާ، ޒައުލް އެވަރުގެ ބޮޑު ދޮގެއް ހަދަންވީ ކީއްކުރަން…” ހާޒިމް ވާހަކަ ދައްކަން އުޅުނީ ޒައުލްގެ ދިފާއުގައެވެ.

“އަހަރެން ނުބުނަމެއްނު އެއީ ދޮގެކޭ، ޒައުލް ކޮއްކޮގެ ވާހަކަ އަހަރެން ދޮގުކުރާނީ ކިހިނެއް، ކުރިމަތިން މިފެންނަނީ އޭނަގެ ޒެރޮކްސް ކޮޕީއެއް، ޒައުލް ކޮއްކޮ ކުޑައިރު ހުންނަނީ މިހެން، އެއްވެސް ތަފާތެއްނެތް….ލޮލަށް ފެންނަ ކަންތައްތައް ނުފެންނަކަމަކަށް ނުހެދޭނެ ދޯ، އަހަރެން ހިތަށް މިއަރަނީ މިކަން މިގޮތަށް އޮތްއިރު ކީއްވެހޭ ބައްޕަ އާއި މާމައަށް ޒައުލް ކޮއްކޮގެ ވާހަކަ ގަބޫލުނުކުރެވެންވީ” ލޫލުއާ ހާޒިމް އާއި ޒައުލްއަށް ބަލަމުން ވާހަކަދެއްކިއެވެ.

“މައްސަލައަކީ މާމަ ބޭނުންވާ ކަހަލަ އަންހެން ކުއްޖަކަށް ޔޫހާ ނުވުން، ދޮންތާ، އަޅުގަނޑުގެ ހަޔާތުގައި ކުށެއްކުރެވުނު، އެކުއްގަބޫލުކޮށް އެކަމުގެ ޒިންމާ ނަގަން އަޅުގަނޑު ބޭނުންވުމުން އެކަމަށް މާމަ ހުރަސްއަޅަންވީ ކީއްވެ، އެތަށް ފަހަރަކު އަޅުގަނޑާއި ޔޫހާ ދެމެދު އޮންނަ ގުޅުމާއި ކިޔާން އަކީ އަޅުގަނޑުގެ ދަރިއެއްކަން ބުނެދޭން މަސައްކަތްކުރެވިއްޖެ، މިގޮތަށް ކަންތައްކުރުން ނޫން އިތުރުގޮތެއް އަޅުގަނޑަށް ދެން ނެތް، ދޮންތާ….އަޅުގަނޑަށް….އަޅުގަނޑަށް ޔޫހާ އާއި ވަކިންނެއް ނޫޅެވޭނެ” އެހެންމީހުންގެ ކުރިމަތީ އަމިއްލަ އިޙްސާސްތައް ފާޅުކުރުމުގައި ފަސްޖެހޭ ޒައުލް ބުނެލިއެވެ. ލޫލުއާ އެމީހުންނާއި ތަންކޮޅެއް ދުރުގައި ހުރި ޔޫހާއަށް ބަލާލިއެވެ. އަދި މަޑުމަޑުން އައިސް ޔޫހާގެ ގާތުގައި ހުއްޓިލިއެވެ.

“ޔޫހާ….” ލޫލުއާ ގޮވާލުމާއިއެކު ޔޫހާގެ މޫނުމަތިން ފެންނަމުންދިޔައީ ހާސްކަމެވެ.

“އަހަންނަށް ޔޫހާގެ އެއްވެސް އައިބެއްނުފެނޭ، އެއާ ހިލާފަށް އަހަންނަށް މިހާރު މިފެންނަނީ ކުޑަކުޑަ އުފާވެރި އާއިލާއެއް، ޔޫހާ، މިއާއިލާއަށް އަހަރެންގެ ކޮއްކޮ އާއި ކައިވެނިކޮއްގެން އައީތީ އެކަމުގެ މަރުހަބާ ކިޔަން، އަހަންނަށް ކިޔަނީ ލޫލުއާ، އެހެރީ ހާޒިމް، އަހަރެންގެ ފިރިމީހާ، އެނގޭތަ، ދުވަހަކުވެސް ހިތަކަށް ނާރާ ޒައުލް ކޮއްކޮގެ ދިރިއުޅުމަށް ތިހާ އާދައިގެ އަންހެން ކުއްޖެއް އައިސްދާނެކަމަށް، އެކަމަކު އޭނަ ޔޫހާ ދެކެ ވަރަށް ލޯބިވާކަން މިއަދު އަހަންނަށް އެނގިއްޖެ، އަހަންނަކީ ހުރިހާ ކުދިންގެވެސް ދޮންތަ، އެއްވެސް ކަމަކާ ދެރަވާނެކަމެއްނެތް…. ދޮންތަ މަސައްކަތްކުރާނަން މާމަ އާއި ބައްޕައަށް ވިސްނާދެވޭތޯ…ކާން ދިއުމުގެ ކުރިން އެންމެ ފުރަތަމަވެސް މިއައީ ޒައުލް ކޮއްކޮގެ އަންހެނުން ދެކިލަން، ބުނެވޭނީ އިސްކޮޅުން ކިތަންމެ ކުރަސް ވަރަށް ރީއްޗޭ، ވަރަށް ނަލައޭ…ހެ ހެ ހެ ހެ….” ލޫލުއާ ލުއި ހީނލުމަކާއިއެކު ޔޫހާގެ ކޮނޑުގައި ވަށާލިއަތުން އޭނަގެނެސް ގަޔާ ކައިރިކޮއްލިއެވެ. ޒައުލްގެ މޫނުމަތިން ވަރަށް ބޮޑު ހިތްހަމަޖެހުމެއް ފެނިގެންދިޔައެވެ. އެވަގުތު ހާޒިމް ޒައުލްގެ ކޮނޑުގައި ޖަހާލިއެވެ.

އައްޔަދު އަފްލީނާއި ވާހަކަދައްކަމުންދިޔައެވެ. އޭނަގެ އެންމެ ބޮޑު ސުވާލަކީ ޔޫހާ އެގެއަށް އަންނާނެ އިރެއް އޮޅުންފިލުވުމެވެ. އޭނަ ޔޫހާ އާއި ބައްދަލުކޮއް ހުރިހާ ވާހަކައެއް ކިޔާދޭން ނިންމީއެވެ. އެހުންނޫނީ އޭނަގެ މަންމަ ކުރިމަތިލީ ހިތްދަތި ދުވަސްތަކާއި އޭނަގެ މަންމަގެ ކެތްތެރިކަމާއިއެކު ދަރިންނާއި ބައްދަލުވާނެކަމުގައި ކުރި އިންތިޒާރު ވެގެންދާނީ ނިމުމެއްނެތް ކަމެއްކަމުގައެވެ.

“އަޔާ، އަހަރެން ޔޫހާއަށް ގުޅިން، އޭނަ އިނީ ޒައުލްމެންގޭގަ، މިއަދު އަންނާނެކަމެއްނޭނގެ، އަޔާ ގުޅަންވީނު ޔޫހާއަށް، އޭރުން ޔޫހާގެ ހާލު އޮޅުން ފިލާނެއެއްނު” އަފްލީން އޭނަގެ ހިޔާލު ފާޅުކުރިއެވެ. އެކަމާ އައްޔަދު ވަކިއެއްޗެއް ނުބުނި ކަމުގައިވިޔަސް އޭނައަށްވެސް އެހިޔާލު ކަމުދިޔައެވެ. އެހެންނަމަވެސް ޔޫހާ އޭނަގެ ފޯނު ކޯލަށް ޖަވާބު ދޭނެބާއޭ އޭނަގެ ހިތަށްއަރަމުންދިޔައެވެ.

މެންދުރުގެ ކެއުން ނިމިގެންދިޔައީ ހަމަހިމޭންކަމާއިއެކުއެވެ. އެކަކުވެސް އެއްޗެއް ނުބުނެއެވެ. ލޫލުއާ ވިސްނީ އެންމެންގެ ތެރޭގައި ލާއިގާ އާއި މަންސޫރާއި ވާހަކަދެއްކުމަށްވުރެ ވަކިވަކިން ދެމީހުންނާ ބައްދަލުކޮއްފައި ޒައުލްގެ ވާހަކަދެއްކުން މާރަނގަޅުވާނެކަމުގައެވެ. ލޫލުއާގެ ދެމަފިރިން ފެނުމުން ލާއިގާގެ މޫނުމަތިން ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ފެންނަމުންދިޔައެވެ.

“ޔޫހާ، ކީއްވެތަ ކޮޓަރިއަށް ތިއައީ…ހިނގާބަލަ ތިރީ ސިޓިން ރޫމުގައި ތިބެލަން، ނޫނީ ޓެރެސްއަށްވެސް ދެވިދާނެ، އެތަނަށް ދޯ ދާނީ، އެތަންމާ ހިތްފަސޭހަވާނެ” ޒައުލް ބުނެލިއެވެ. މެންދުރުގެ ކެއުމަށްފަހު ޔޫހާ ކިޔާން ގޮވައިގެން އައިސްވަނީ ކޮޓަރިއަށެވެ. އޭރު ކިޔާން އަވަސް އަރުވާލާފައި ހުރީ ޒައުލްގެ ލެޕްޓޮޕް ހުޅުވާލުމަށެވެ.

“އަހަންނަކަށް ނުކެރޭނެ ނުކުމެ އުޅޭކަށް” ޔޫހާ ހަގީގަތް ހާމަކުރިއެވެ.

“މާމަ ކޮންމެ އެއްޗެއް ކީނަމަވެސް ޔޫހާ އެއަށްވުރެ ހިތްވަރުގަދަވާނެކަން އަހަންނަށް އެނގޭ، ކުޑަދުވަސްކޮޅަކަށް ކެތްކޮއްލާ، އަހަރެން ބޭނުންވަނީ މާމަ އާއި ބައްޕައަށް ޔޫހާއަކީ އެމީހުން ހީކުރާ ކަހަލަ ވިޔާނުދާ ގޮތެއްނެތް އަންހެން ކުއްޖެއް ނޫންކަން ދައްކަން، ޔޫހާ އަބަދު ކޮޓަރީގައި އިނުމުން އެމީހުންނަށް ޔޫހާގެ ގޮތެއް ނޭނގޭނެ، ޔޫހާވެސް ވާނެ އެމީހުންނާ ވާހަކަދައްކަން މަސައްކަތް ކުރަން، ޕްލީޒް…އަހަންނަށްޓަކައި، ބައްޕަ އާއި ވަކިވެގެން ދާކަށް އަހަރެން ބޭނުމެއްނޫން، އެކަމަކު އެމީހުން ޔޫހާ އާއި ކިޔާން ބަލައިނުގަންނަންޏާ އަހަނަށް ޖެހޭނީ އެކަންވެސް ކުރަން، މިގެ ދޫކޮއްލާފަ ދާން…..” ޒައުލް ޔޫހާގެ އުނަގަނޑުގައި ހިފާލާފައި އޭނަ އާއި ގާތަށް ޖައްސާލިއެވެ.

“ޒައުލް ބޭނުންވަނީ އެންމެން އެކުގައި ގުޅިގެން އުޅެންކަން އެނގޭ، އެކަމަށް އަހަރެން ހުރަސް އަޅާކަށް ނެތިން، އަހަރެން މާމަ އާއި ވާހަކަދައްކަން މަސައްކަތްކުރާނަން….ޒައުލްއަށްޓަކާ…އެންމެ ރަނގަޅެއްނު….” ޔޫހާ ޒައުލްގެ މޭގައި މޫނުޖައްސާލަމުން ބުނެލިއެވެ.

ޒައުލް ގޭގައި ހުރެވެސް ހޮޓެލްތަކުގެ އެންމެފަހުގެ ކަންތައްތައް ޝާއިންއަށް ގުޅައިގެން އޮޅުންފިލުވިއެވެ. އަދި ޝާއިން ޔޫހާގެ ރަށަށް ދިއުމުން ހިނގި ކަންތައްތަކުގެ ތަފްޞީލު އެހުމާއިއެކު އެކަންވީގޮތްވެސް ޒައުލް ކިޔާދިނެވެ. ޒައުލް ޖެހިގެން އޮތް ދުވަހު އޮފީހަށް ނުކުންނާނެކަމަށްވެސް ބުންޏެވެ. ޔޫހާ ޒައުލްމެންގެ ގެއަށް ފުރަތަމަ ދުވަސްކަމަށްވާތީ އިތުރު އެއްވެސް ތަނަކަށް ނުދާގޮތަށް ނިންމީކަމަށްވެސް ޒައުލް ބުންޏެވެ. ނަމަވެސް ޖެހިގެން އަންނަ ދުވަހު ޒައުލްއަށް ނުދެވުނަސް ޔޫހާ ހަވީރުން ޝާއިންމެންގެއަށް ފޮނުވާނަން ކަމަށް ބުންޏެވެ. އަދި ގޭތެރޭގެ ހާލަތު ޝާއިންއަށް އޮޅުންފިލުވާދިނެވެ. ޒައުލްއަށް ޝާއިން އާއިމެދު ދެކެވެނީ މިހާރު އޭނަގެ ހުރި އެންމެ ގާތް ރަޙުމަތްތެރިޔާ ކަމުގައެވެ. ކަމަކާ މަޝްވަރާ ކުރަން ބޭނުންވިޔަސް އެންމެ ފުރަތަމަ ޒައުލްގެ ސިކުނޑިއަށް އަރާ ނަމަކީ ޝާއިންނެވެ.

“ދަރިފުޅާ، ޔޫހާގެ ޚަބަރެއް ހަމަނުވަނީތަ، ޒައުލް އާއި ދެކުދިން ކައިވެނި ކޮއްފިތަ މިހާރު؟ ކީއްވެތަ ދަރިފުޅު މިހާރު ޔޫހާގެ ވާހަކަ ނުދައްކަނީ” ގޭގެ ބިއްދޮށުގައި ހުރި ދަނގަޑު އުނދޯލީގައި ހެއްލާލަ ހެއްލާލައިން ޒަރާނާ ވާހަކަދެއްކީ އޭނަގެ ކުރިމައްޗަށް ވާގޮތަށް ހުރި ގޮނޑީގައި އިށީނދެ އިން އައްޔަދު އާއިއެވެ.

“ޔޫހާވެސް ނުގުޅާ، އެހެންވެ” އައްޔަދު އޭނަގެ ކައިރީގައި ހުރި މޭޒުގެ މަތީ ހުރި ތަބަކުގެ ތެރެއިން ފޯފޮއްޗެއް ނަގާ އަނގަޔަށް ލަމުން ފަރުވާ ކުޑަގޮތަކަށް ބުނެލިއެވެ.

“އެކަމަކު މަންމަގެ ހިތް ބުނަނީ ދަރިފުޅަށް އެނގޭނެޔޭ، ދެން ބުނެބަލަ…ހަމަ ނޭނގޭތަ” ޒަރާނާ އަނެއްކާވެސް އަހާލިއެވެ.

“ޔޫހާ އާއި ޒައުލް ކައިވެނިކޮއްފި، މިދޭތެރޭން ޔޫހާގެ ރަށަށް އޭނައާއިއެކު ޒައުލް ގޮސްފަ މިހާރު އައިސް އެބައުޅޭ، އަފޫ ބުނި ޔޫހާ އުޅެނީ ޒައުލްމެންގެ ގޭގައޭ…” އައްޔަދު ބުނެލިއެވެ.

“އެމީހުން ގަބޫލުވީތަ، މިބުނީ ޒައުލްގެ މާމަގެ ވާހަކަ” ޒަރާނާ ހައިރާންކަމާއިއެކު ސުވާލުކުރިއެވެ. އައްޔަދު އޭނަގެ މަންމަ އެކަމުގެ ތެރެއަށް ވައްދަން ބޭނުންނުވާނަމަވެސް ޒަރާނާ އޮޅުންފިލުވަން ބޭނުންވާތީ ޔޫހާ އާއި ޒައުލްގެ ކައިވެނީގެ ވާހަކަ ކިޔާދިނެވެ. އަފްލީންވަނީ ޔޫހާގެ ކައިވެނީގެ ރޭ ހިނގާދިޔަ ހުރިހާ ކަމެއް އައްޔަދުއަށް ކިޔާދީފައެވެ. އެދެމީހުންވެސް ހިތްހަމަނުޖެހުނީ އެއްކަމަކާއެވެ. ލާއިގާ އެވަރުކުރުމުންވެސް ޒައުލް ޔޫހާ ގޮވައިގެން އެގެއަށް ދިއުމުންނެވެ.

“ޔާރައްބީ، ހަމަތެދެއްތަ، އެކުއްޖާގެ ދުވަސް ދުއްވާލަންތަ އެއުޅެނީ، ޔޫހާގެ ދަރިއެއްހުއްޓަސް އޭނަ ވަރަށް ޅަ، ލާއިގާ އޭނަގެ މަޅި އެކުއްޖާގެ ކަރަށް މަހާލާގޮތްވެސް ނޭނގޭނޭ، އެނގުންވާއިރު މާލަސްވެދާނެ….އޭރުން އޮންނާނީ ކަރަށް ބާރުވެފަ، އެހީވާނެ މީހަކުވެސް ނެތިފަ، ލާއިގާ އަކީ އޭނަ ބުނާ ބަހުގައި ހިފަހައްޓާ މީހެއް، އޭނަ ހަމަނެވާނުލާނެ ޔޫހާއަށް ބޮނޑިއެއް ދީފަނޫނީ…” ޒަރާނާގެ ދެލޯ ބޮޑުވުމާއިއެކު އުނދޯލީގެ ހެއްލުން ހުއްޓުމަކަށް އައެއެވެ. އޭނަގެ ހިތުގައި ޔޫހާ އާއިމެދު ބިރުވެރިކަމެއްވަނީ އުފެދިފައެވެ. އެކުއްޖާ ލާއިގާގެ އަތްދަށުން ސަލާމަތްކުރަން އޭނަ ބޭނުމެވެ. އޭނަގެ އާއިލާ ރޫޅާލީވެސް ހަމަ ލާއިގާއެވެ. މިހާރު އޭނަގެ ޒައުލްގެ ހަޔާތްވެސް ބަރުބާދުކޮއްލުމަށް ލާއިގާ އެވަނީ އަތްކުރި އޮޅާލާފައެވެ.

“މަންމާ، ކަންބޮޑުނުވެބަލަ، ޔޫހާއަށް އެހީވާން އަހަރެން މިހުރީނު، ޒައުލްއަކަށް ނުކެރޭނަ ޔޫހާއަށް ދެރައެއްދޭކަށް، އަނެއްކާ އަފްލީންމެންވެސް އެތިބީނު، އޭނަގެ ދޮންބެ ޝާއިން މިހުރިހާ ދުވަހު ޔޫހާ އާއި ކިޔާން ގެންގުޅެމުންއައީ، އެމީހުންވެސް ޔޫހާއަށް ދެރަގޮތެއް ވިޔަކަށް ނުދޭނެ” އައްޔަދު ޒަރާނާގެ ހިތްހަމަޖައްސާލަދޭން މަސައްކަތްކުރިއެވެ. ޒަރާނާ ހޫން ލައްވާލަމުން އައްޔަދުއަށް ހިނިތުންވެލިއެއްކަމަކު އޭނަގެ ހިތާ ސިކުނޑި އެކަމަކަށް އެއްބަހެއްނުވެއެވެ. ލާއިގާ މާ ހުޝިޔާރުވާނެއެވެ.

ލާއިގާ އާއި ވާހަކަދެއްކުންވީ ބޭކާރު ކަމަކަށެވެ. އެންމެ ފަހުން ލޫލުއާވެސް ލާއިގާ އާއިމެދު ހިތްހަމަނުޖެހުނީއެވެ. ލާއިގާގެ ވިސްނުން ބަދަލުުރަންވެއްޖެކަމުގައި ލޫލުއާ ބުނެ އެކޮޓަރިން ނުކުތެވެ. އޭނަ ހުންނާނީ ޒައުލް އާއި އެއްކޮޅަށް ކަމަށް ލާއިގާގެ ގާތުގައި ބުންޏެވެ. ޔޫހާއަކީ އެމީހުން ފަދަ ފައިސާވެރިއަކަށް ނުވިޔަސް ލޫލުއާއަށް ޔޫހާ ކަމުދާކަމަށްވެސް ބުންޏެވެ. ލާއިގާގެ ރުޅިވަނީ އިހުނަށްވުރެ ގަދަވެފައެވެ. އެހެންނުވާންވީ ކީއްވެހެއްޔެވެ. މިހާދުވަހު އޭނަ އާއި ދެކޮޅަށް އެއްޗެއް ނުބުނެ ހުރި އޭނަގެ ހަމައެކަނި ދަރިފުޅު މަންސޫރު އޭނައަށް އަމުރުކުރަން ޖެހުނީ ޔޫހާ އާއިހެދިގެންނެވެ. ދެން އޭނަދެކެ އެންމެ ލޯބިވާ އޭނަގެ ކޮންމެ ނިންމުމަކަށް ކިޔަމަންވަމުން އައި ލޫލުއާވެސް މިއަދު އެދިޔައީ އޭނަގެ ވިސްނުން ގޯސްކަމުގައި ބުނެފައެވެ. މިހާދުވަހު އެކުދިންނަށް ތަރުބިއްޔަތު ދިނީ ހުދު އޭނައެއް ނޫންހެއްޔެވެ. ހުރިހާ ކަމަކަށްވުރެ ބޮޑަށް އޭނަ ރުޅިއަންނަނީ އޭނަ އެންމެ ލޯބިވާ މާމަ ދަރިފުޅު އޭނަ އާއި ދެކޮޅުވުމުންނެވެ. އެއީ ޒައުލްއެވެ. އެވެސް ޔޫހާގެ ސަބަބުންނެވެ. ދެއަތްދެއަތާ މޮޑެމުން ރުޅިއައިސް ރަތްވެފައި ހުރެ ލާއިގާ ކޮޓަރިތެރޭ ދެކޮޅަށް ހިނގަމުންދިޔައެވެ.

“ބައްޕަ އަޅުގަނޑުމެން ކުދިންދެކެ ކިހާ ލޯބިވާކަން އަޅުގަނޑަށް އެނގޭ، ހާއްޞަކޮށް ޒައުލްކޮއްކޮދެކެ، ބައްޕަ ކީއްވެތޯ ޒައުލް ކޮއްކޮ ބުނާއެއްޗެއް ގަބޫލު ނުކުރަނީ، އަޅުގަނޑަށް ކިޔާން ފެންނަ ކޮންމެ ފަހަރަކު ހީވަނީ ޒައުލްކޮއްކޮގެ މޫނު ފެންނަހެން، ބައްޕާ، އެއީ ބައްޕަގެ ފުރަތަމަ ކާފަ ދަރިފުޅު، ބައްޕަ އެކުއްޖާ އާއި ދިމާލަށް ނުބަލަނީ ކީއްވެތޯ…” ލޫލުއާ ބުނެލިއެވެ. ލޫލުއާ ލާއިގާގެ ކޮޓަރިން ނުކުތްގޮތަށް ގޮސްވަނީ މަންސޫރުގެ ކޮޓަރިއަށެވެ. އޭރު ކޮޓަރީގައި ހުރި ކުޑަދޮރުގެ ކައިރީ މަންސޫރު ހުއްޓިލައިގެން ދުރަށް ނަޒަރުހުއްޓާލައިގެން ހުއްޓެވެ. ލޫލުއާ ދެއްކިވާހަކަތަކަށް އޭނަ އެއްވެސް ޖަވާބެއްނުދިނެވެ. އެހެންނަމަވެސް އޭނަ ލޫލުއާ ދެއްކި ވާހަކަތަކާއިމެދު ވިސްނަމުންދިޔައެވެ. ކިޔާން ފުރަތަމަ ފެނުނު ދުވަހުން ފެށިގެންވެސް އޭނަގެ ހިތުން އެކުޑަކުއްޖާވަނީ ޖާގައެއްހޯދާފައެވެ. މީހަކަށް ނޭނގުނު ކަމުގައި ވިޔަސް އޭނަ ޒައުލްގެ ގާތުގައި ކިޔާން އުޅޭގޮތް ސިއްރުން ބަލައެވެ. އެހިތަށް ހަމަޖެހުން ގެނުވާ މަންޒަރެއްކަމުގައި އެމަންޒަރުވެގެންދެއެވެ. ނަމަވެސް ލާއިގާއަކީ މުސްކުޅިވެފައިވާ އޭނަގެ މަންމައެވެ. އަނބިމީހާގެ ބޭވަފާތެރިކަމަށްފަހު އެކުދިންގެ މަންމައަށްވީ ހުދު ލާއިގާއެވެ. އޭނައެކަނިނަމަ އެދުވަހު އެކުދިން ރަނގަޅު ގޮތުގައި ބޮޑުނުކުރެވުނީސްކަން ޔަގީނެވެ.

“ދަރިފުޅާ، ބައްޕަ ޒައުލް އާއިމެދު ހިތްހަމަނުޖެހެނީކީނޫން، އެކަމަކު ތިކުދިން މީހުންނަށް ހެދީ ބައްޕައަށްވުރެ ތިކުދިންގެ މާމަ، މިއަދު މުސްކުޅިވި ދުވަހު އެމާމަ އާއި ދެކޮޅަށް ތެދުވުމަކީ އެންމެ ރަނގަޅު ގޮތެއްނޫންދޯ، އަނެއްކާ އަހަރުމެންގެ އާއިލާއަކީ ކުޑަނަމަވެސް މުޅި މާލޭގަވެސް އެއާއިލާއެއްގެ ވާހަކަދެކެވޭ އާއިލާއެއް، ދަރިފުޅުމެން އަދި މާ ޅަވާނެ” މަންސޫރު ލޫލުއާއަށް ބަލާލަމުން ބުނެލިއެވެ.

“ބައްޕާ، އަޅުގަނޑަށްވެސް އެނގޭ މާމަ މުސްކުޅިވިދުވަހު މާމަ އާއި ޖަދަލުކުރާކަށް ނުވާނެކަން، އެކަމަކު މާމަ ޔޫހާ އާއިމެދު އެދެކެނީ ރަނގަޅަކަށްނޫން، ޔޫހާއަކީ ވިޔާނުދާ ކުއްޖެކޭ ބުނާއިރު އަޅުގަނޑުމެންގެ ކޮއްކޮވެސް ވިޔާނުދާވީމަތާ އެފަދަކަމެއް ހިނގާފަ އެއޮތީ، އެކަން ސިއްރުނުވާންވެގެންކަންނޭގެ ކިޔާންއަށް ޒައުލް ކޮއްކޮގެ ސިފަ ލިބިފަ އެހުރީ، އެވަރުންވެސް މާމަ ގަބޫލުކުރަން ބޭނުމެއްނުވޭ، ޔޫހާއަކީ ވިޔާނުދާ ކުއްޖެއްވެސް ނޫން އަދި އޭނަގެ ކުށެއްނޫން އެއީ އޭނަ ފަގީރަކަށްވުން، އަޅުގަނޑުމެންވެސް މިހާ މުއްސަންޖެއްނޫން ކުރީގަ، ބައްޕަގެ މިންނަތް މަސައްކަތަކުން ނޫންތޯ މިއަދު މިހިސާބަށް މިއާދެވުނީ، މި މުއްސަނދިކަން ދަމަހައްޓަން އެންމެ ބޮޑު މަސައްކަތެއް ކުރަމުން އެދަނީ ޒައުލް ކޮއްކޮ، ބައްޕަގެ ހުރިހާ ޒިންމާއެއް މިއަދު އޭނަ އުފުލަމުން އެދަނީ، އެއްފަހަރުވެސް ކޮއްކޮނުބުނޭ އޭނައަށް ނުވާނެއެކޭ، އެއީވެސް މާމަ ދެކެން ބޭނުންވި ހުވަފެނެއް، ކޮއްކޮއަކީ ދޮގު ހަދާމީހުންދެކެ ރުޅިއަންނަ، އިންސާފަށް ކަންތައްތައް ކުރަން ލޯބިކުރާ ޒުވާނެއް، ބައްޕަ އާއި މާމަ ފަހުރުވެރިވާފަދަ ދަރިއެއް، އެކަމަކު މިއަދު އެދަރިފުޅު އުފާ މިއާއިލާގެ އެކަކަށްވެސް މުހިއްމެ ނޫން…މަންމަ ހުރި ނަމަ…” ލޫލުއާ ދެރަވެގެންގޮސް އެންމެފަހުން ނުބުނަން ހުރި ލަފްޒުވެސް ދުލުން ބޭރުވީއެވެ. މަންސޫރަށް ސިހުން ލިބިގެންދިޔައެވެ. ޒަރާނާ އެގެއިން ނުކުމެގެންދިޔަ ފަހުން މިނޫނީ ދުވަހަކުވެސް ލޫލުއާ ޒަރާނާގެ ވާހަކަދައްކާފައެއްނުވެއެވެ. އެންމެ ކުޑަމިނުން ޒަރާނާ ނުކުމެގެންދިޔަ ދުވަހުވެސް އޭނަ އެކަކު ގާތުވެސް ޒަރާނާ ދިޔައީ ކޮންތާކަށްތޯވެސް ނާހައެވެ. މަންސޫރުގެ ހިތަށް ވަރަށް އަސަރުކުރިއެވެ.

“ބައްޕަ ތިއިން އެއްވެސް ކުއްޖަކު ވަކިވެގެންދާކަށް ބޭނުމެއްނޫން، ބައްޕަ ބޭނުން ޒައުލްވެސް އޭނަގެ އަންހެނުންނާއިއެކު މިގޭގައި އުޅެން…ދަރިފުޅާ، ލޫލުއާ…” މަންސޫރަށް ދުރުގައެއް ނުހުރެވުނެވެ. އޭނަގެ އެންމެ ދޮށީދަރިފުޅު ގެނެސް ގައިގާ ޖައްސާލަމުން ބޮލުގައި ބޮސްދިނެވެ. އިތުރަށް އޭނައަށް ބުނާނެއެއްޗެއް ނޭނގުނީއެވެ. ޒަރާނާގެ ހަގީގަތް އެކުދިންނަށް އެނގެން މަންސޫރު ބޭނުމެއްނޫނެވެ.

ކިޔާން ނިދުމާއިއެކު ޔޫހާ ޒައުލް އާއިއެކު އެރީ ގޭގެ ޓެރެސްއަށެވެ. ރޭގަނޑުގެ ކެއުމާއި ދެމެދު ވަގުތުކޮޅެއް އޮތުމާއިއެކުއެވެ. އުޑުގައި ވިދަމުންދިޔަ ތަރިތައް އެއްދިމާލަކަށް މާގިނަވެފައިވާހެން މަތި ބަލާލި ޔޫހާއަށް ހީވިއެވެ. އެހެންނަމަވެސް އެއީ ޓެރެސްގައި ދިއްލާފައި ހުރި ބޮކީގެ އަލީގެ ސަބަބުން އޭނައަށް ފެންނަގޮތްކަން އޭނަގެ ސިކުނޑި ވިސްނާދިނެވެ. ހިތްފަސޭހަ މާހައުލެކެވެ. ދެމީހުން އެކަނިވެލުމަށްޓަކައި އެތަން ވަރަށް ކަމުދެއެވެ. ޔޫހާ މަޑުމަޑުން ޓެރެސްގައި ހުރި އަރާމު ސޯފާގޮނޑިތަކުން ގޮނޑިއެއްގައި އިށީނެވެ.

“އަހަރުމެން ދެން މިހެންތަ އުޅެން ޖެހޭނީ” ޔޫހާ އޭނަ އިށީނދެގެން އިން ސޯފާގެ މަޑުކަމާއިއެކު މަހުމާކަވަރުގައި އަތްހާކާލަމުން ދުރުގައި ޓެރެސްގެ ރެއިލިންގައި އަތްއަޅުވާލައިގެން ހުރި ޒައުލްއަށް ބުނެލިއެވެ.

“ކީއްވެ ތިހެން ތިބުނީ” ޒައުލްއަށް ޔޫހާ ބުނި އެއްޗެއްގެ މާނަ ނޭނގުމާއިއެކު  އޭނަ އާއި ދިމާލަށް އެނބުރިލަމުން ބުނެލިއެވެ.

“މާމަ އަހަރެން ފެނުނަސް މޫނު އަނބުރާލަނީ، އެވަރުން ވާހަކަ ދައްކާނީ ކިހިނެއް، ޒައުލްގެ ކޮއްކޮވެސް ހުންނަނީ ފާޑަކަށް، ދެން ބައްޕަ، ބަސްމަދުކަމުން އަހަންނަށް ގިނަފަހަރަށް ބުނާނެއެއްޗެއް ނޭނގޭ، ޒައުލް ފިޔަވާ މިގޭގަ އަހަންނާ ކިޔާންއަށް ހަތަރުކަޅި ހަމަކޮއްލި މީހަކީ ޒައުލްގެ ދޮންތަގެ ދެމަފިރިން، މިހުރިހާ ކަމަކާހެދި ކިޔާންވެސް އެހުންނަނީ ފާޑަކަށް، މިރޭ ފެންވަރުވަން އުޅުނުއިރުވެސް އަހަނީ މަންމި ކީއްވެހޯ ޑެޑީ ގޮވައިގެން ކޮއްކޮމެންގެ ގެއަށް ނުދިޔައީ، ޑެޑީގެ ގެ ވަރަށް ބޮޑޯ އެކަމަކު ކޮއްކޮ އުޅޭ ހިތްވަނީ ކޮއްކޮގެ ގޭގަޔޯ…މިގޭގަ އެއްވެސް ކުއްޖަކު ކޮއްކޮ އާ ވާހަކައެއް ނުދައްކަޔޯ، ޒައުލް، ކިޔާންއަކީ ވަރަށް ފަސޭހައިން މީހުންނާ ރައްޓެހިވާ ކުއްޖެއް، އޭނައަށް މިގޭގަ މިހިނގާ ހުރިހާ ކަމެއް ނުވިސްނޭނެ ދޯ، އަހަރެން ވަރަށް ކަންބޮޑުވޭ ކިޔާން އާއިމެދު، މިހާރު ޒައުލްއަށްވެސް ފެނިފަ ހުންނާނީ އޭނަ އުޅޭގޮތް، އެއްތާކު މަޑުން ހުރުމަކީ އޭނައަށް އުނދަގޫ ކަމެއް، ގިނައިރު އޭނަކީ ޓީވީ ބަލާކުއްޖެއް، ކުރިންވެސް އޭނަ ގޭގަ އުޅެންޏާ އޭނަގެ އަތުގައި ރިމޯޓް ނޯންނަ އިރެއް ނުދާނެ، މުޅި ގޭތެރޭގައި އޭނަ އުޅެން ބޭނުންވާނެ، ރަށުގަވެސް އޭނަ އެއައީ މިނިވަން މާހައުލެއްގައި އުޅެފަ…” ޔޫހާ ދެބުމަކައިރިކޮއްލައިގެން އިނދެ ޒައުލްއަށް ބަލާލީ އޭނަގެ ހިޔާލުހުރިގޮތެއް އޮޅުން ފިލުވާލަން ބޭނުންވެގެންނެވެ.

“ޔޫހާ ކަންތައްތަކާ މާބޮޑަށް ތިވިސްނަނީ، އަހަރެންވެސް މިގޮތަށް އަބަދަކު ނޫޅޭނެއެއްނު، އެކަމަކު އަހަންނަށް ކުޑަދުވަސްކޮޅެއްދީ، އެމީހުންގެ ހިޔާލު ބަދަލުވޭތޯ މަސައްކަތް ކުރީމޭ އޭރުން އަހަންނަށް ބުނެވޭނެއެއްނު، ބައްޕަ ދޮންތަގެ ވާހަކަ ގަބޫލުކުރާނެހެން ހީވަނީ، އަހަންނާ އެއްކޮޅަށް ވަކާލާތު ކުރާނެ މީހަކުވެސް ހުންނަންވާނެއެންނު، މާމަވެސް ފަހަރެއްގަ ދޮންތަ ވާހަކަދެއްކީމަ ރުޅިމަޑުވެ އަޑުއަހާފާނެހެން ހީވަނީ….” ޒައުލްގެ ވާހަކަމެދުކަނޑާލީ ޔޫހާއެވެ.

“ޒައުލް ތިބުނާ ކުޑަދުވަސްކޮޅަކީ ކިހާ މުއްދަތެއްތަ…އަނެއްކޮޅުން ޒައުލްގެ ދޮންތަގެ ވާހަކަ އެކަކުވެސް ގަބޫލުނުކޮއްފިއްޔާ ދެނޯ…” ޔޫހާ ބުނެލިއެވެ. އޭނަގެ މޫނުމަތިން އެއްވެސް ވަރެއްގެ ހަމަޖެހުމެއްނުފެނެއެވެ. އޭނައަށް ލާއިގާގެ މޫނުމަތިން ފެންނަ ކުލަވަރުތަކުން ވަރަށް ގިނަކަންތައްތަކެއް އަންގައިދެއެވެ. އެހެންވެ އެގޭގައި އެދެމަފިރިންނަށް ހަމަޖެހުމެއް ދުވަހަކުވެސް ލިބޭނެކަމުގެ ޔަގީންކަމެއްނެތެވެ. އެއީ ޔޫހާ ބޭނުންވާގޮތެއްނޫނެވެ. ނަމަވެސް ޒައުލްއަށްޓަކައި އޭނަ އެކަމެއް ކުރާނެކަން ގައިމެވެ. އަދިއަމުދުން މިހާރު އޭނަގެ އަންބެއްގެ ގޮތުގައި އިނދެއެވެ. ޒައުލް އައިސް ޔޫހާގެ ގާތުގައި އިށީނުމާއިއެކު އޭނަގެ އަތުގައި ހިފާބާރުކޮއްލިއެވެ. އަދި ޔޫހާގެ ދަތްދޮޅީގައި ހިފާ ކުޑަކޮށް އޭނަގެ މޫނާ ދިމާލަށް އުފުލާލުމާއިއެކު ޔޫހާގެ ނިތްކުރީގައި ބޮސްދިނެވެ. ޒައުލްގެ އެހާ ކުޑަކުޑަ ހަރަކާތަކުންވެސް ޔޫހާގެ ތުންފަތަށް ހިނިތުންވުމެއްވެރިކުރުވިއެވެ. ޔޫހާއަށް ޒައުލްގެ އެހަރަކާތުން އެހެންކަމެއްވެސް އެނގިގެންދިޔައެވެ. އޭނަ ޒައުލްއަށް ކުރި ސުވާލަށް ޖަވާބެއް ދޭން ބޭނުންނުވާކަމެވެ. ދެވަނަ ފަހަރަށް އެސުވާލުކުރަން ޔޫހާ ބޭނުންނުވީވެސް އެހެންވެއެވެ.

ރޭގަނޑުގެ ކެއުންވެސް ނިމިގެންދިޔައީ މެންދުރެކޭ އެއްގޮތަށެވެ. ތަފާތަކަށްވީ މޭޒުދޮށުން ލޫލުއާގެ ދެމަފިރިން ނުފެނުމެވެ. ގޭގައި އެމީހުން ނެތްކަންވެސް ޒައުލްއަށް އެނގުނީދެނެވެ. އޭނަގެ ނިތަށް އަރައިގެންދިޔަ ރޫތަކާއިއެކު ކަމެއްގޯސްވެއްޖެ ކަމުގައި ވިސްނުނެވެ. އެކަމާހުރެ އޭނައަށް ރަނގަޅަށް ނުވެސް ކެވުނެވެ. އޭނަ މޭޒުގެ ދޮށުން ތެދުވުމާއިއެކު އޭނަގެ ފަހަތުން ޔޫހާވެސް ތެދުވެއްޖެއެވެ. މަންސޫރު ބަލާލާފަވެސް އެއްޗެއް ނުބުންޏެވެ. ލާއިގާ އެދިމާލަށް ބަލާވެސް ނުލިއެވެ. ދެންއިން އީލާކް އެންމެންގެ މޫނުތަކަށް ބަލަންއިނެވެ. ކުރިން އެއްޗެއް ބުނަނީ ކާކުތޯ ބަލާލަން ބޭނުންވީކަންނޭގެވެ.

ކޮޓަރިއަށް ވަދެގެންދިޔަ ޒައުލް އާއި އެއްވެސް ސުވާލެއް ޔޫހާ ނުކުރެއެވެ. ޒައުލް އަވަސްވެގަތީ އެނދުގެ ސައިޑް ޓޭބަލްމަތީގައި ބާއްވާފައި އޮތް އޭނަގެ ފޯނު ނެގުމަށެވެ. ޒައުލްއަށް ބަލަން އެނދުގެ އަނެއްފަރާތުގައި ދެފައިދަމާލައިގެން އިށީނދެއިން ޔޫހާއަށް ޒައުލް ފޯނުން ވާހަކަދައްކަންފެށިއަޑުއިވުނެވެ. “ދޮންތާއޭ” ބުނުމާއިއެކު ޒައުލް އެއުޅެނީ ލޫލުއާއަށް ގުޅައިގެން ކަން ޔޫހާއަށް އެނގުނެވެ. ޔޫހާއަށް އަޑުއިވެމުންދިޔައީ ޒައުލް ދައްކާ ވާހަކައެވެ. މާގިނައިރު އެނދުގައި އިށީނދެގެން ފޯނުން ވާހަކަދައްކާކަށް ނީނެވެ. ޒައުލް ތެދުވެގެން ޔޫހާ އާއި ދުރަށް ހިނގައިގަތެވެ. މަޑުމަޑުން އެނދުގެ ތަންމަންޗަށް ހަށިގަނޑު ދޫކޮއްލަމުންދިޔަ ޔޫހާގެ ދެލޯ މެރުނީ ކޮންވަގުތަކުކަމެއް އޭނައަކަށް ނޭނގެއެވެ.

ފުރޮޅިލަމުން ނިދީގެ ތެރޭގައި ކުޑަކޮށް ލޯހުޅުވާލެވުނު ޔޫހާ ލޯމަރާލާފަވެސް ކުއްލިއަކަށް ލޯހުޅުވާލިއެވެ. އެންމެ ފުރަތަމަވެސް ފެނުނީ އެނދުގައި އަޅާފައިވާ ބޮޑުރަޖާގެ ދަށުގައި ޔޫހާ އާއި ޖެހިގެން ނިދާފައި އޮތް ޒައުލްއެވެ. އަވަސް އަވަހަށް އޭނަ ކުރުއަތްމައްޗަށް ތެދުވެލަމުން އަނެއްފަރާތަށް އެނބުރި ސައިޑްޓޭބަލްމަތީގައި އޮތް ފޯނަށް ބަލާލީ ގަޑިން ވީއިރެއް ބަލާލަން ބޭނުންވެގެންނެވެ. އޭރު ގަޑިން ތިނެއްޖަހާ ބޮޑުވެއްޖެއެވެ. ފޯނުގެ ސްކްރީނުގެތެރެއިން އޭނައަށް މިސްވެފަ ހުރި ކޯލްތައްވެސް ފެނުނީ ދެނެވެ. ވިއްސަކަށް މިސްކޯލު ދީފައިވަނީ ކާކުތޯ އަވަހަށް ބަލާލެވުނެވެ.

“އައްޔަދު…” ނިދުމުގެ ސަބަބުން ކުރެހިވެފައިވާ އަޑުން ޔޫހާއަށް ބުނެލެވުނެވެ. ފޯނާ ދިމާލަށް ބަލަހައްޓައިގެން އިން ޔޫހާގެ ސިކުނޑި މަސައްކަތްކުރަން ކުޑަވަގުތުކޮޅެއް ނެގިއެވެ. ކަމެއް ހަނދާންވުމާއިއެކު ޔޫހާގެ މުޅިހަށިގަނޑުވެސް ނިދިން ހޭލިކަހަލައެވެ. ތެދުކޮއްލި ހަށިގަނޑާއިއެކު ފުންނޭވާއެއް ބޭރުކޮއްލިއެވެ. ސިކުނޑީގައި ކުއްލިއަކަށް ޒަރާނާގެ ނަން ގުގުމައިގެން ދިޔައެވެ. އޭނަގެ ލޮލުން ނިދިފިލާ ހިނގައްޖެއެވެ. ފަތިސް ނަމާދުގެ ބަންގިއާއި ހަމަޔަށް އޭނަގެ ސިކުނޑީގައި އެތަށް ރޭވުންތަކެއް ރޭވުނެވެ. އަމިއްލަ ޒަމީރާ އެތަށްވާހަކައެއް ދެކެވުނެވެ.

ދުވާލުގެ ވަގުތެވެ. ޒައުލް ހެނދުނުގެ ސައިބޮއެ ނިންމާލުމަށްފަހު އޮފީހަށް ދިޔައީ ދިހައެއްޖަހަން އުޅެނިކޮށެވެ. ޔޫހާގެ ފަރާތުން އެއްވެސް ތަފާތުކަމެއް ނުފެނުނުއިރު ޒައުލްގެ ފަރާތުންވެސް ތަފާތުކަމެއް ނުފެނުނެވެ. ލޫލުއާގެ ފަރާތުން ލިބުނު ޚަބަރަކީ ކޮބާތޯ އޮޅުން ފިލުވާލަން ޔޫހާ ބޭނުންވިއެވެ. އެހެންނަމަވެސް ޒައުލް އެވާހަކަ ނުދައްކާތީ ޔޫހާ އަޅާނުލީއެވެ. އަނެއްކޮޅުން އޭނަގެ ތުންފަތަށް ވެރިވެފައިވާ ހިނިތުންވުން އެސިކުނޑީގައިވާ ހުރިހާ ހާސްކަމެއްގެ ފަރުދާއެއްކަމުގައި ފުއްދާލީއެވެ.

ޔޫހާ ކިޔާން ގޮވައިގެން އެރީ ޓެރެސްއަށެވެ. އެތަނުގައި ހުރި އެންމެ ބޮޑު ސޯފާގައި ޔޫހާ ބޭނުންކުރާ ލެޕްޓޮޕް ބަހައްޓާލާފައި ކިޔާންއަށްއަށް ކާޓޫން އަޅުވާދިނެވެ. އެކަމާ ހިތްހަމަޖެހުނު ކިޔާން ޔޫހާގެ ބަސްއަހައިގެން ސޯފާގައި ބަންޑުން އޮށޯވެލައިގެން އޮވެ ކާޓޫނު ބަލަމުންދިޔައެވެ.ކިޔާން އާއި ދުރަށް ޓެރެސްގެ ރެއިލިންގްތައް ކައިރިއަށް ޖެހިލި ޔޫހާ ވަށައިގެން ހޯދާލިއެވެ. އަދި އަތުގައި އޮތް ފޯނުން އަވަސް އަވަހަށް އައްޔަދުގެ ނަންބަރަށް ގުޅާލިއެވެ.

“ޔޫހާ، ޔޫހާތަ ތީ…” އައްޔަދުއަށް ޔަގީންނުވެގެން އަހާލާފަދަ ގޮތަކަށް ދެފަހަރަކު އަހާލިއެވެ.

“ހޫމް މީ މަށޭ، އަހަރެން ވާހަކައެއް ދައްކާލަން ބޭނުން” ޔޫހާއަށް އައްޔަދުގެ އަޑުއިވުމާއިއެކު އޭނަގެ ބޭނުން އައްޔަދު އެއްޗެކޭ ބުނުމުގެ ކުރިން ހާމަކުރިއެވެ.

“އަސްލުވެސްތަ، އަހަރެން ހީކުރީ ޔޫހާ ކައިވެންޏަށްފަހު އަހަންނާ ވާހަކަވެސް ނުދައްކާނެކަމަށް، އެކަމަކު ގުޅާލާފަ ތިއެދުނީ އެންމެ ފުރަތަމަވެސް އަހަންނާ ބައްދަލު ކުރަން، އަނެއްކާ…ޒައުލް އާއި ދެމީހުން ރަނގަޅުތަ، ނޫނީ ކަމެއް ގޯސްވީތަ” އައްޔަދުއަށްވެސް އެއްޗެއް ވިސްނުނުކަހަލައެވެ.

“ކަމެއް ގޯހެއްނުވޭ، ޒައުލް ވަރަށް ރަނގަޅު، ކުރިން ރުޅިއަންނަ ގޮތަށް މިހާރު ރުޅިއެއްވެސް ނާދޭ…ދެން އެވާހަކައެއްނޫނޭ، އަހަރެން މިބުނާ އެއްޗެއް އަޑުއަހާބަލަ، އައްޔަދު އާއި ބައްދަލުވާނީ ކޮންއިރަކުންތަ” ޔޫހާ އަނެއްކާވެސް ފޯނުކޯލުގެ މަގުސަދު ހާމަކުރިއެވެ.

“ޔޫހާ ބުނެއްފިއްޔާ މިހާރުވެސް ތިގެއަށް ގޮސްދާނަން” އައްޔަދު ސަމާސާ ރާގެއްގައި ބުނެލިއެވެ.

“ނޫން، ނޫން، އެހެންނުހަދާތި، އަހަރެން ބޭނުމެއްނޫން އައްޔަދު މިގެއަށް އަންނާކަށް، އަހަރެން ހަވީރުން މިއުޅެނީ އަފޫ އާއި ބައްދަލުކުރަން އެގެއަށް ދާންވެގެން، ގޮސްފަ ވާހަކަދައްކާނީ” ޔޫހާ އަވަސް އަވަހަށް ބުނެލިއެވެ.

“އޯކޭ، ހަމަ ޔޫހާ ބޭނުންގޮތެއް، ދެން އަހާބަލަ އަަހަރެންގެ ހާލަކީ ކޮބާތޯ، އެނގޭތަ، ސޯމެނީ ތިންގްސް ހެޕެން…ހީވެސްނުކުރާ ކަހަލަ ކަމެއްވެގެން މިއުޅެނީ، އަހަރެންވެސް ޔޫހާއަށް ކިޔާދޭން ބޭނުންވާ ވާހަކަތަކެއް އެބަހުރި، ޔޫހާވެސް ވަރަށް ބަދަލުވާނެހެން ހީވަނީ، މެރީކުރީމަ ގާލްސް ވަރަށް ޗޭންޖުވާ ވާހަކަ ރައްޓެހިން ދައްކާވިއްޔަ” އައްޔަދު ބުނެލިއެވެ. ސޯފާގައި އޮތް ކިޔާން ޔޫހާއަށް ގޮވާލީ އެވަގުތުއެވެ.

“ސާބަސް އަޔާ…” ލުއިގޮތަކަށް ފޯނުން އައްޔަދުއަށް ހީނލަމުން ޔޫހާ ކިޔާން އާއި ދިމާލަށް އެނބުރުނު ވަގުތު ހީވީ އޭނަގެ ވަށައިގެންވި ހުރިހާ ކަމެއް ހުއްޓުމަކަށް އައިހެންނެވެ. މީހާގެ މޫނުމަތިން ފެނުނު ބިރުވެރިކަމާއިއެކު ކަންފަތުގައި ޖައްސާލައިގެން ހުރި ފޯނުވެސް ތިރިކޮއްލެވުމާއިއެކު ނިތްވާލެވިއްޖެއެވެ.

“މަންމީ…ޕްލީޒް ދެން އާދެބަލަ…ބަލާބަލަ ކޮޕިއުޓަރު ޕްލޭ ނުވޭ…” ކިޔާން ހުއްޓުން އަރާފައި ހުރި ޔޫހާއަށް ދެވަނަ ފަހަރަށް ގޮވާލިއެވެ. ޔޫހާ އަވަސް އަވަހަށް އިސްޖަހާލުމާއިއެކު ހިންދިރުވާލެވުނެވެ. ކަންތައްތައް ރަނގަޅުވުމުގެ ބަދަލުގައި އިތުރަށް ގޯސްވެދާނެކަމުގެ އިޙްސާސް ޔޫހާއަށް ކުރެވިގެންދިޔައީ ކުރިމަތީ ޓެރެސްގައި ހުރި ސޯފާތަށްކައިރީ މަޑުކޮއްލައިގެން ހުރި މަންސޫރު ފެނުމުންނެވެ. ކޮފީ ޖޯޑެއް ހިފަހައްޓާލައިގެން ހުރި  މަންސޫރުގެ މޫނުމަތިން ހިތްހަމަނުޖެހުމުގެ އަސަރު ފާޅުވަމުންދިޔައެވެ. ޔޫހާއަށް އިތުރަށް އެތަނުގައި ހުންނާކަށް ނުކެރުނެވެ. އަދި ދައްކާނެ ވާހަކައެއްވެސް ނޭނގުނެވެ. މަންސޫރު އެތަނުގައި ޔޫހާގެ ވާހަކަތައް އަޑުއަހަން ހުރީ ކިހާއިރަކުން ފެށިގެންކަންވެސް އޭނައަށް ނޭނގެއެވެ. އަވަސް އަވަހަށް ކިޔާންގެ އަތުގައި ހިފާ ސޯފާއިން ނަގަމުން ލެޕްޓޮޕް ލައްޕާލިއެވެ. ކިޔާން ޝަކުވާކޮށްކޮށް ހުއްޓަ ޔޫހާ ދަރިފުޅު ގޮވައިގެން ޓެރެސްއިން ފައިބަން ހިނގައިގަތެވެ.

މަންސޫރު އެނބުރި ޔޫހާ ދިޔަ ދިމާލަށް ބަލަހައްޓައިގެން ހުއްޓެވެ.

“މިގެއަށް އައިތާ ދެވަނަ ދުވަސް، ޒައުލް ލޯކުރިމަތިން ގެއްލުމާއިއެކު އެހެން ފިރިހެނުންނަށް ގުޅައިގެން، އަހަރެން ފެނުނީމަ ހީވީ ބިރެއްފެނުނުހެން….މަންމަ ހަމަ އަސްލުވެސް އެބުނަނީ ތެދެއްބާ، އަހަންނަށްވެސް މިހާރު ޝައްކު، ޔޫހާއަކީ އެބުނާ ކަހަލަ ވިޔާނުދާ އަންހެން ކުއްޖަކަށްވެއްޖެނަމަ، ޒައުލްއަށްވެސް ޖެހޭނީ އަހަންނަށް ޖެހިފައިމިވާ ހާލު، އުމުރުގެ ދުވަސްތައް އެކަނިވެރިކަމުގައި ހޭދަކުރުން ނޫންގޮތެއް ނޯންނާނެ، ޅައުމުރުގައި ވެވޭ ލޯތްބަކީ ދުވަހަކުވެސް ހަނދާނުން ފޮހެވިގެންދާނޭ ލޯތްބެއްނޫން، އެހެންނޫންނަމަ ހުދު އަހަރެންވެސް އެންމެ އަންހެނަކަށްޓަކައި އުމުރު ހުސްކޮށްނުލީސް… މަންމަ އަހަރެންގެ ދެވަނަ ކައިވެންޏަކަށްވެސް އެދުނު، ކުދިންނަށް ދެވަނަ މަންމައެއް ހޯދާނުދިނީ އަހަރެންގެ އަމިއްލަ އެދުން އިސްކުރެވިގެން، އެއީ ދެން އިނދެގެން ގެންނަ އަންހެނަކު ދެކެ ލޯބި ނުވެވޭނެތީ، ކުދިންގެ މަންމަގެ މަތިން ހަނދާން ނުނެތޭނެތީ…ދެރައީ ދެލޯ މަރާލައިގެން ހުރެ ލޯބިވެވުނީތީ، އެހެންނޫންނަމަ ލޯބިވާ އަނބިމީހާ ބޭވަފާތެރިވުމުން އެކަން އެންމެ ފުރަތަމަވެސް ފެންނާނެ މީހަކީ އަހަރެން ކަމުގައި ވާނެކަން ޔަގީން…..” ޔޫހާ ފައިބައިގެން ދިޔަ ސިޑިއާއި ދިމާލަށް ބަލަހައްޓައިގެން މަންސޫރު ހުރުއިރު އޭނަގެ ހިތަށް އަރަމުންދިޔައެވެ. އަމިއްލަ ދިރިއުޅުމުގައި މާޒީވެ ގޮސްފައިވާ، ނުފިލާ އެހަނދާންތަކުގައި ހިނގި އެ ހާދިސާ އޭނަގެ ދަރިފުޅުގެ ދިރިއުޅުމަށް އެއްވެސް ސިފައެއްގައި އެޅިދާނެކަމަށް ދުވަހަކުވެސް ހީނުކުރެއެވެ. ނަމަވެސް އޭނައަށް މިފެންނަނީ އޭނަގެ ދިރިއުޅުން ހަލާކުވެގެން ދިޔަފަދައިން އަމިއްލަ ދަރިފުޅުގެ ދިރިއުޅުންވެސް ހަލާކުވެގެން ހިނގައިދާނެކަމުގެ މަލަމަތިބާއޭ މަންސޫރުގެ ހިތަށްއެރިއެވެ.

އެހަނދާންތަކެއްގެ ތަސްވީރު ލޯކުރިމަތީ އާވާންފެށުމުން ހިތްހަމަނުޖެހުމާއިއެކު އަތުގައި ހުރި ކޮފީޖޯޑު ސޯފާގެ ކުރިމަތީ ހުރި ބިއްލޫރި މޭޒުގެ މަތީ ބެހެއްޓުމާއިއެކު ކޮއްޕާލަމުން ޗޮކޮއް ކަނޑާލިއެވެ. ބޯހޫރުވާލިގޮތުން ހީވީ އެހިޔާލުތައް ސިކުނޑިން ނެރިލަން ބޭނުންވީހެންނެވެ. ވެއްޓެން އުޅޭފަދަ ގޮތަކަށް ކޮފީ ޖޯޑު ވަތުތަށީތެރޭ ތެޅިލާފަވެސް ނުވެއްޓުނެވެ. އެހެންނަމަވެސް ވަތުތަށީގެ ތެރެއަށް ކޮފީ ބަންޑުންވިއެވެ. އެހާސްކަމުގެތެރެއިން މަންސޫރު އަވަސްވެގަތީ ލާއިގާގެ ކޮޓަރިއަށް ދިއުމަށެވެ. ޒައުލްގެ އަންހެނުންނާއި ބެހޭގޮތުން ލާއިގާއަށް ޔަގީންވާ ކަންތައްތަކަކީ ކޮބައިތޯ އޮޅުން ފިލުވުމަށެވެ.

“ދަރިފުޅު ކީކޭތަ ތިކިޔަނީ، އޭނަ ހަމައެހެންތަ ކަންތައްކުރީ…” ލާއިގާގެ ތުންތަށްވެރިވެގެންދިޔަ ވިހަހިނިތުންވުން ފޮރުވާލާ، ކަންބޮޑުވުންދައްކަމުން މަންސޫރަށް ކުރިމަތިލިއެވެ. އަދި މަންސޫރުގެ ކުރިމަތީ ޔޫހާ ކަންތައްކުރިގޮތް ފެނި އޭނަގެ ހިތުގައި އެފެދުނު ޝައްކު ބޮޑުކޮއްލުން ލާއިގާއަށް އުނދަގޫކަމަކަށް ނުވިއެވެ. ލާއިގާއަށް މަންސޫރުގެ ބަލިފަޔަކީ ކޮބާކަން އެނގެއެވެ. މީހާ ފިނިވެގެންދާ ނަމަކީ ކޮބާކަންވެސް އެނގެއެވެ. ލާއިގާ ހުރިހާ ކަމެއްވެސް ގުޅުވާލީ ޒަރާނާ އާއިއެވެ.

“މަންމާ، ޒަރާނާ ފަދަ އަންހެނަކަށް ޒައުލްގެ އަންހެނުން ވާކަށް އަޅުގަނޑެއް ނޭދެން، ޒައުލް އޭނަގެ އަންހެނުންނައިގެން އުޅޭވަރު އަޅުގަނޑުވެސް ދެކެފިން، އޭނަ މޮޔައަކު ފަދައިން މުޅި އުމުރު އެފަދަ އަންހެނަކަށް ބޭކާރުކޮއްލުމަކީ އަޅުގަނޑަށް ކެތްވާނެ ކަމެއްނޫން….ހުރި އެންމެ ފިރިހެން ދަރިފުޅަށް ރަނގަޅު ހަޔާތެއް ލިބުން އަހަރެންގެ ދުޢާއަކީ، ރަނގަޅު ހަޔާތަކީވެސް، ނަސީބަކީވެސް…އަޙްލާގު ރަނގަޅު އަބުރުވެރި އަންބަކު ލިބުން، އެފަދަ އަންބެއް އަޅުގަނޑު ޒައުލްއަށް ހޯދަދޭން ބޭނުންވަނީ” ކަންބޮޑުވެ ޝައްކުގެ ތެރެއަށް ހިތާ ސިކުނޑި ދޫކޮއްލެވިފައިވާ މަންސޫރު ބުނެލިއެވެ. ލާއިގާ އައިސް މަންސޫރުގެ ގާތުގައި ހުއްޓި އޭނަގެ ކޮނޑާ ދިމާލުން ބުރަކަށީގައި ފިރުމާލިއެވެ. އަދި ހުރިހާކަމެއްވެސް ލާއިގާގެ އަތްމައްޗަށް ދޫކޮއްލުމަށް ބުންޏެވެ. ޔޫހާ ޒައުލްއަށް ބޭވަފާތެރިވާނަމަ އޭނަ އެކަން ބަލާ ހޯދާނެކަމަށް ބުންޏެވެ. މަންސޫރު އެކޮޓަރިން ނުކުމެގެންދިއުމާއިއެކު ލާއިގާގެ މޫނުމަތި އުޖާލާވެގެންދިޔައެވެ. އެނދުގައި ގޮސް އިށީންއިރު އޭނަގެ ތުންފަތަށް ވެރިވެފައިވާ ހިނިތުންވުމުގެ ސަބަބުން ތުންފަތުގެ ހިމަކޮޅު ދެމިގެންގޮސް ކަންފަތު ފޫޅުގަނޑާއިހަމައަށް ގޮސްދާނެހެންވެސް ހީވެއެވެ. އޭނައިނީ އެހާވެސް ހިތްހަމަޖެހިލާފައެވެ. މިހާ އަވަހަށް އޭނަގެ ކޮޅު މޮޅުވެދާނެކަމަކަށް ހީވެސް ނުކުރެއެވެ. ނަސީބުވެސް ގަދައީ އޭ އޭނަގެ ހިތަށް އެރިއެވެ. ހިތްޖެހުމުގެ ތެރެއިން ލާއިގާ ވަގުތުން ނުބައި ރޭވުންތައް ރާވަންފެށިއެވެ. މިފުރުޞަތަކީ އޭނައަށް ލިބޭނެ ރަނުގެ ފުރުޞަތަކަށްވާނެތީ ވަގުތުގެ ނާޒުކުކަމާއިއެކު މަންސޫރަށް ދައްކާލަން ޖެހޭނީ ހަމަ އެންމެ މަންޒަރެއްކަން ލާއިގާއަށް އެނގެއެވެ. އޭރުން މީގެ އެތަށް އަހަރުތަކެއް ކުރިން އޭނައަށް އޭނަގެ ދަރިފުޅުގެ މައްޗަށް ކުރިއެރުން ލިބުނުފަދައިން މާމަ ދަރިފުޅުގެ މައްޗަށްވެސް ކުރިލިބިގެންދާނެކަން އޭނައަށް ޔަގީންވިއެވެ.

ހަވީރު ރީތިވެލައިގެން ޔޫހާ ކިޔާން ގޮވައިގެން ނުކުތީ ޒައުލްގެ ފޯނުކޯލުގައި ހުރެގެންނެވެ. އޭނަ ޝާއިން މެންގެއަށް ކިޔާން ގޮވައިގެން ދާކަން ޒައުލްއަށް އަންގާލީއެވެ. އެމަންޒަރު ސިޓިން ރޫމުގައި އެގަޑީގައި އިން ލާއިގާއަށް ފެނުނެވެ. އޭނަ ޓީވީއަށް ބަލަހައްޓައިގެން އިނެއްކަމަކު ޔޫހާގެ ފޯނު ކޯލަށްވެސް ކަންފަތް ހުޅުވާލިއެވެ. ކަމެއް ހިނގަން އުޅޭކަމުގެ ހިލަމެއްވެސް ނުވެ ހުރި ޔޫހާ ކިޔާން އާއިއެކު ގޭޓުގެ ކައިރިއަށް ނުކުތްއިރު ޖަމާލު ކާރުގައި އައިސް މަޑުކޮއްލައިގެން އިނެވެ. އެމީހުންގެ ފަސްފަހަތުން ޝައްކު ނުވާނޭފަދަ ގޮތަކަށް ގޭޓުގެ ކައިރަށް ދިޔަ ލާއިގާއަށް ޒައުލްއަށް ވަފާތެރި ނޯކަރު އޭނަގެ ކާރުގައި ޔޫހާމެން ގޮވައިގެން ނައްޓާލިތަން ފެނުނެވެ.

“ޔޫހާ…އޯ ޔޫހާ…ކިޔާން ދޫނި ގަނޑާ…” އަފްލީނަށް އެގެޔަށް ވަތް ޔޫހާ އާއި ކިޔާން ފެނުމުން ސިޓިން ރޫމު ސޯފާގައި އިނދެ ފުންމައިގަތެވެ. އަދި އެއައި ގޮތަށް އައިސް ކުދިކުދި ދަތްތައް ފެންނަވަރަށް ހިނިއައިސްފައި ހުރި ކިޔާން ނަގާ އުރާލިއެވެ.

“ނޯ އަފޫ…ނޯ….މަންމީ ބަލާ އަފޫ…” އަފްލީން ކިޔާންގެ ކޮލުން ދޮންނަގަންފެށުމުން އޭނަ ޔޫހާގެ އެހީއަށް އެދުނެވެ. އެތަން ބަލަންހުރި ޔޫހާ އެހީވުމުގެ ބަދަލުގައި ފެށީ ހޭށެވެ.

“މާލެ އައިދުވަހު އަހަރެން ހީކުރީ ޔޫހާ އަންނާނެ ކަމަށް، އެނގޭތަ ދޮންބެ ފާޑެއްގެ ކައްކާ މީހަކު ގެނެސްފަ ހުންނަނީ، އޭނައަށް ނޭނގޭ ޔޫހާ ރޮށި ފިހާ ގޮތަށް ރޮށިފިހާކަށްވެސް، އަދި އެންމެ ނުބައީ ރިހަ ކައްކާފަ ހުންނަ ގޮތް، އޭގަ ވާވަރަށް އޮންނަންނީ ހުސް ތެޔޮ….އިޔޫ….ހާދަ ނުބަޔޭ…” ކިޔާން ތިރީގައި ބަހައްޓަމުން އަފްލީން ޝަކުވާގެ ރާގެއްގައި ބުނެލިއެވެ. އަދި ކާއެއްޗެހީގެ ނުބައިކަން އޭނަގެ އަނގަޔަށް ޖައްސާލި ވައްތަރާއިއެކު ޔޫހާއަށް ވިސްނުނެވެ.

“ސޮރީ…އެހެންހީވެގެންނޭ މިއައީ ހެދިޔާ ހިފައިގެން، އެއްކަލަ ގޭން” ޔޫހާ އޭނަގެ ކޮނޑުގައި އަޅުވާލައިގެން ހުރި ބޮޑު ދަބަސް ކޮނޑުން ނައްޓާލަމުން ބުނެލިއެވެ.

“ސީރިއަސްކޮށްތަ، ހާދަ ރަނގަޅޭ ޔޫހާ…ގޭގަ ހުރި އެއްޗިއްސަވުރެ ތިހެދިކާވެސް މީރުވާނެކަން އެނގޭ، ޔަގީނުންވެސް ހިތްހަމަޖެހިލައިގެން މިއަދު ހަވީރު ސައިފޮދެއް ބޯލެވޭނެ…ހެ ހެ ހެ” އަފްލީން މިހެން ބުނެ ލާނެތް ގޮތަށް ހީނލިއެވެ. ކިޔާން އަވަސްވެގަތީ އެގޭގެ ހުރިހާ ކޮޓަރިތަކެއް ޗެކުކޮއްލުމަށެވެ. އޭނަ އުޅޭގޮތުން އެގޭގައި އޭނަ ހޭދަކުރި ކޮންމެ ވަގުތުކޮޅެއްގެ ހަނދާން އާލާކުރަން އޭނަ މަސައްކަތްކުރާ ކަހަލައެވެ. ޔޫހާ އޭނަގެ ދަބަހުން ނެގި ހެދިކާ ކޮތަޅު ހިފައިގެން ބަދިގެއާއި ދިމާލަށް ދިޔައެވެ.

ކާމޭޒުމަތީ ހެދިކާތައް ބަހައްޓާފައި އޭނަ ފެންކައްކަން އުދިއެވެ. އަދި އައިސް ހެދިކާތައް ތައްޓަކަށް އަޅައި ފޮނިއެއްޗިއްސާއި ކުޅިއެއްޗެހި ވަކިކޮއްލިއެވެ.

“އަފޫ، އައްޔަދުއަށް ކިހިނެއް އެނގުނީ އަހަރެން އިއްޔެކަން މާލެ އައީ” ޔޫހާ ވާހަކައެއް ފެށުމަށް މަސައްކަތްކުރިއެވެ.

“އަހަރެން ބުނީ…” ހީނލާފައި އަފްލީން ބުނެލިއެވެ.

“ހާދަހީވެޔޭ ތިޔަ ދެމީހުން ވަރަށް ގާތްވެއްޖެހެން…ބުނެބަލަ، އަނެއްކާ މީ ރަނގަޅު ހީއެއްތަ” ޔޫހާވެސް އަފްލީނަށް ބަލާލަމުން މިހެންބުނެ ހީނލީއެވެ. އެކަމަކު ޔޫހާގެ ހީނލުމުގައިވަނީ ލާނެތް ގޮތެކެވެ. އަފްލީނާއި ދިމާކުރާފަދަ ގޮތެކެވެ.

“ހޫމް…އަހަރުމެން ދެމީހުން ގިނައިން ފޯނުން ވާހަކަދައްކަނީ، އެކަމަކު އަޔާ ވަރަށް ގިނައިން ދައްކާ ޔޫހާ އާއި ޒައުލްގެ ވާހަކަ، ވަރަށް ގިނައިން އަހާނެ ޒައުލް ރަނގަޅު ހޯ ޔޫހާއަށް، ބައެއްފަހަރު ހީވޭ އޭނައަކީ ޔޫހާގެ ބޮޑީގާޑުހެންވެސް، އެހެންނުވާނީ އަޔާ ހީވަނީ ޒައުލް އާއި ހެދި އޮބްސެސްޑްވެފަ ހުންނަ މީހެއްހެން” އަފްލީން ކާމޭޒު ދޮށުގައި އިށީނެވެ. އެވަގުތު ޔޫހާ ކިޔާންއަށް ވަރަށް ބާރަށް ގޮވާލިއެވެ. ދުވަމުން އައި ކިޔާން އުފުލާލާފައި ކައިރީގައި ހުރިތަނުން ގޮނޑިއެއްގައި ބޭންދިއެވެ. އަދި ސައިބޯންވީ ކަމުގައި ޔޫހާ ބުނެލިއެވެ. ކިޔާން މޭޒުމަތީގައި ހުރި ތަށިން ހަނޑުލު ގުޅައެއްނަގާ އަނގަޔަށްލިއެވެ. އެއީ އޭނައަށް ވަކި ކެވޭނެތީއެއްނޫނެވެ. އަނގަޔަށް ލައިގެން ގިނައިރު އުޅެވޭނެ ހެދިކާއަކަށްވީމައެވެ.

“އަޔާ އާއި އަހަރެން ވާހަކައެއް ދައްކަން ބޭނުންވެފަ މިހުންނަނީ، ބުނިން މިގެއަށް އަންނަވާހަކަ…އަފޫ އޭނައަށް ގުޅާބަލަ، ބުނޭ އަހަރެން އައިސް އިން ވާހަކަ” ޔޫހާ ބުނެލިއެވެ. އަފްލީން ޔޫހާގެ އެދުމުގެ މަތިން އައްޔަދުއަށް ގުޅިއެވެ.

ލާއިގާ ދެފައި އެއްތާ ނުޖަހާ ސިޓިން ރޫމުތެރޭ ދެކޮޅަށް ހިނގަމުންދިޔައެވެ. ޔޫހާ ޒައުލްގެ ކާރުގައި ދިޔައީސުރެން އޭނައަށް ހަމަޖެހުމެއްނުލިބެއެވެ. އިރުކޮޅަކު އެފަދަ ހާލެއްގައި އުޅުމަށްފަހު ސޯފާގެ ކުރިމަތީ ހުރި ބިއްލޫރި މޭޒުގެ މަތީގައި އޮތް އޭނަގެ ފޯނު ނެގިއެވެ. އޭނަ އުޅުނީ ޖަމާލްއަށް ގުޅަންށެވެ. އެހެންނަމަވެސް އޭނައަށް މިހާރު ޖަމާލްއަށްވެސް އިތުބާރެއް ނުކުރެވެއެވެ. އޭނައަށްވުރެ ޖަމާލް ޒައުލްއަށް ވަފާތެރިކަން ލާއިގާއަށްވަނީ އެނގިފައެވެ. އަނެއްކޮޅުން މަންސޫރު ޖަމާލްފަދަ ދުވަސްވީ ނޯކަރެއް ވަޒީފާއިން ވަތްކެއްވެސް ނުކުރާނެއެވެ. ޖަމާލުއަށް ޒައުލްގެ ހުރިހާ ކަމެއްގައި އެހީވުމަށް އަންގާފަވަނީވެސް ހުދު މަންސޫރެވެ. ލާއިގާ ފޯނަށް އަނެއްކާވެސް ބަލާލުމާއިއެކު ހަލުވި ހިނގުމުގައި ދިޔައީ ސިޑިންއަރައިގެން މަންސޫރުގެ ގާތަށް ދިއުމަށެވެ.

ލައިބްރަރީގައި ހުރި ބޮޑު މޭޒުގެ ދޮށުގައި ފޮތްކިޔަން އަޅާކަހަލަ އައިނެއް އަޅައިގެން ފައިލްތަކެއްގައި ހުރި ލިޔުންތަކެއް ބަލަން މަންސޫރު އިނެވެ. އަބަދުވެސް ހުޅުވާލާފައި ހުންނަ ލައިބްރަރީގެ ދޮރުން ވަދެގެން އައި ލާއިގާ މަންސޫރަށް ފެނުނީ މޭޒުގެ އަނެއްފަރާތުން އޭނަގެ ކުރިމަތީ ހުއްޓުމުންނެވެ.

“ޒައުލްގެ އަންހެނުން އެދިޔައީ، ޖަމާލްއަށް އެނގޭނެ އޭނަ ދިޔަތަނެއް، ނުކުމެގެންދަމުން އަހަންނަށް އަޑުއިވަންކަމެއް ނޭނގެ، ފޯނުން ޒައުލް އާއި ވާހަކަދެއްކި…ގެއަށް ދާވާހަކަދެއްކީ، މަންސޫރު، ޖަމާލްއަށް ގުޅާފަަ އަހާބަލަ ޒައުލްގެ އަންހެނުން ދިޔައީ ކޮންތާކަށްތޯ” ލާއިގާ މަންސޫރަށް ބާރުއެޅިއެވެ.

“މަންމާ، ޒައުލްއަށް މިކަން އެނގިއްޖެއްޔާ ވަރަށް ބޮޑަށް ހިތްހަމަނުޖެހޭނެ” މަންސޫރަށް ވިސްނުނުގޮތުގައި ފިރިހެން ދަރިފުޅުގެ އަނބިމީހާއަށް ފާރަލުމަކީ އަދި އެންމެ ރަނގަޅުގޮތެއްނޫނެވެ. އޭނަ ބޭނުންވަނީ ލާއިގާ ޔޫހާ އާއި ވާހަކަދައްކައިގެން އޭނައަށް ރަނގަޅުގޮތް ވިސްނައިދިނުމަށެވެ. ޒައުލްއަށް އެކައިވެންޏަކީ ކިހާ މުހިއްމު ކައިވެންޏެއްކަން ޔޫހާއަށް ވިސްނާދޭ މީހަކީ ލާއިގާ ކަމުގައި ވުމަށެވެ.

“މިނޫން ގޮތަކަށް އެނގޭނެތަ، އޭނަ އަހަރުމެންނަށް އަންގައިގެން ކަމެއް ކުރާނެތަ، އެއަށްވުރެ އޭނަމާ ހުޝިޔާރުވެފަ މަކަރުގަދަވާނެ، ޒައުލް ކުޑަމިނުން އޭނައަށް ޝައްކެއްވެސް ކޮއްނުލާނެ، ޖަމާލްއަށް ނުކެރޭނެ މަންސޫރު އަހައިފިއްޔާ ދޮގެއް ހަދާކަށް، ނިކަން ގުޅާބަލަ، މަންސޫރެއްނު ބުނީ އޭނަ މިއަދު މީހަކާ ބައްދަލު ކުރަން ދާން އުޅޭ ވާހަކަވެސް” ލާއިގާ ހިތްހަމަނުޖެހިފައި ބުނެލިއެވެ. މަންސޫރު އަތުގައި އޮތް ކަރުދާސް ބާއްވާލަމުން އެއްފަރާތެއްގައި އޮތް އޭނަގެ ފޯނު ނަގާ ޖަމާލްއަށް ގުޅިއެވެ. މަންސޫރަކީ ދުވަހަކުވެސް ދަރިންގެ އަމިއްލަ ކަންތައްތަކާ ފާޑުކިޔާ އެކުދިންގެ ދިރިއުޅުމުގައި ހިނގާ ކަންތައްތަކާއި ބެހޭ ގޮތުން ސުވާލުކޮށް އުޅޭމީހަކަށް ނުވާތީ ޖަމާލްގެ ކައިރިން އެފަދަ ވާހަކައެއް އޮޅުން ފިލުވަން ޖެހިލުންވެފައި އޭނައިނެވެ. އެހެންނަމަވެސް ލާއިގާ އޮޅުން ފިލުވަން ބޭނުންވި ކަންތައް މަންސޫރު ޖަމާލުގެ ފަރާތުން އޮޅުންފިލުވިއެވެ.

“އޭނަގެ ގެއަށް ގެންގޮސްދިނީ” މަންސޫރަށް ކުރެވުނު ކަންތަކުން އުނދަގޫވެފައި އިންހެން އޭނަ ލާއިގާ އާއި ވާހަކަދެއްކިއިރު ހީވެއެވެ.

“ހިނގާ އަހަންނާއިއެކު…” ލާއިގާގެ ޖުމްލަ ފުރިހަމަ ނުވަނިސް މަންސޫރު އަވަސްއަވަހަށް ކޮންތާކައްތޯ ސުވާލުކުރިއެވެ.

“އެގެޔަށް، ކިހިނެއް އެނގެނީ އެގެޔަށް ދިޔަކަމެއް ނޫނީ އޭނަގެ ހުރިހާކަމެއް ކުރިއަށް ގެންދަނީ އެގޭގަ ނޫންކަމެއްވެސް، މިފަހަރު ތިމަންޒަރުތަކެއް ފެންނާނީ ހަމައެކަނި އަހަންނަކަށް ނޫން، ދަރިފުޅަށްވެސް ފެންނާނެ އެންނު…” ލާއިގާގެ ވާހަކަ ކުރިއަށް ގެންދިޔަކަ މަންސޫރު ނުދިނެވެ.

“މަންމާ، އަޅުގަނޑަކަށް ނުކެރޭނެ އެގެއަށްގޮސް ވަންނާކަށް، ޒައުލް އެގޭގަ އުޅެނިކޮށްވެސް ދެވިދާނެއެއްނު، އަނެއްކާ މައްސަލައެއް އުފެދޭފަދަ ގޮތަކަށް ކަންތައްކުރާކަށް ނުވާނެއެއްނު، އަހަރުމެންގެ އަގުދޯ ވެއްޓޭނީ އެފަދަ ކަމެއް ކޮއްފިއްޔާ….އަޅުގަނޑުމެން ހީކުރާފަދަ މަންޒަރެއް ނުފެނިއްޖެއްޔާ ދެންވާނީ ކިހިނެއް” މަންސޫރު ލާއިގާގެ ވިސްނުން ހުރިގޮތް އަދި ރަނގަޅު ނޫންކަން ވިސްނައިދޭން އުޅުނެވެ.

“މައްސަލައެއްނެތޭ ދަރިފުޅު އެގެއަށް ވަންނަން ބޭނުންނޫނިއްޔާ ނުވަނަސް، އެކަމަކު ކާރުގަ އިނދެވިދާނެއެއްނު، އަހަރެން އެގެއަށް ވަދެފާނަން، ކަމެއް ނުފެނިއްޖެއްޔާ އަހަރެން ކޮންމެވެސް އެއްޗެއް ބުނެ ހަމަޖައްސާލަފާނަން” ލާއިގާގެ ވާހަކައިގައި ހުރި ޔަގީންކަން މަންސޫރަށް ފާހަގަވިއެވެ. އޭނަ ދާން ބޭނުންނުވެ ހުރެވެސް މޭޒުގެ ދޮށުން ތެދުވެއްޖެއެވެ.

ހެވިދިލިފައިހުރެ ވަދެގެން އައި އައްޔަދު އައިސްވަނީ ގޭގެ އެންމެ އެތެރެއަށެވެ. ސައިބޯން ތިބި ޔޫހާ އާއި އަފްލީނަށްވެސް ހިނިއައިސްފައި ބަލަން އިނދެވުނީއެވެ. ހަތަރުމީހުންނަށް އިށީނދެވޭ ކާމޭޒުގެ ހުސްކޮށް ހުރި ގޮނޑި ދަމާލާފައި އައްޔަދު އިށީންނަމުން އަފްލީންގެ ކޮނޑުގައި ޖަހާލާފައި މާނަފުން ހިނިތުންވުމެއް ބަދަލުކޮއްލިއެވެ. އެތަން ފެނި ތުނބުން ސައިތަށި ނައްޓާލި ޔޫހާ ކަރުކެހިލިއެވެ.

“ހާދަ ޗޭންޖޭ ދޯ…” އައްޔަދު ޔޫހާ އާއި ދިމާކޮއްލުމުގެ ގޮތުން ބުނެލިއެވެ. އަދި ގާތުގައި އިން ކިޔާންގެ ކޮލުގައި ކޮއްޓާލިއެވެ.

“އަހަރެންތަ ނޫނީ އަޔާތަ” ޔޫހާވެސް ދުލެއްނުކުރިއެވެ. ތިންމީހުންގެ ވާހަކަފެށުމާއިއެކު އެތަނުގައި އިން ކިޔާން ފޫހިވެއްޖެއެވެ. އޭނަ ބޯންއިން މައިލޯ ޕެކެޓު ހުސްކޮއްލުމާއިއެކު ޔޫހާގެ އެހީގައި ގޮނޑިން ފައިބާ ސިޓިން ރޫމާ ދިމާލަށް ދުއްވައިގަތެވެ. އައްޔަދުއަށް ސައިހެދުމަށް ޔޫހާ އަފްލީންގެ ގާތުގައި ބުންޏެވެ. އޭނަ އުފަލުން އެކަމަށް އަވަސްވެގަތެވެ. ޔޫހާއަށް އަފްލީންގެ ހިތުގައިވާ އެއްޗެއް ދެނެގަންނަން ގިނައިރެއްނުނެގިއެވެ. ހަމައެގޮތަށް ކުރިންނުފެންނަ ސަމާސާ ކުރުންތަކެއް އައްޔަދު އާއި އަފްލީންގެ މެދުގައި ފެނުނެވެ.

ތިންމީހުން އެކުގައި ސިޓިން ރޫމުގައި ހަމަޖެހިލި ވަގުތެވެ. ޔޫހާ އޭނަ އައްޔަދު އާއި ބައްދަލު ކުރަން އައި ބޭނުން ހާމަކުރިއެވެ. އެކަމަކު ބޭނުންވީ އޭނަ އާއި ވަކިން ވާހަކަދައްކާ ލުމަށެވެ. ޔޫހާ އޭނަގެ ކޮޓަރީގެ ދޮރު ހުޅުވާލުމަށްފަހު އެތެރެއަށްވަނެވެ. އޭނަގެ ފަހަތުން އައްޔަދު ވަދެ އެކޮޓަރީގައި ހުރި އެނދުގައި އިށީނެވެ. ކޮޓަރީގެ ދޮރު ކައިރިކޮއްލާފައި ހުރިއިރު އެދެމީހުން ދައްކާ ވާހަކަ އެތާކައިރީގައި މީހަކު ހުއްޓިއްޖެނަމަ އަޑުއިވޭނެއެވެ. އެހެންނަމަވެސް އަފްލީންގެ އެދެމީހުން ދައްކާ ވާހަކަ އަޑުއެހުމުގެ ޝައުގުވެރިކަމެއްނެތެވެ. ޔޫހާ ރީތިވާ މޭޒުގެ ދަށުގައި ހުރި ގޮނޑި ބޭރަށް ދަމާލަމުން އޭގައި އިށީނެވެ.

“ވަރަށް ބޮޑު ވާހަކައެއް ދައްކަންވެގެން މިއުޅެނީ، ހިތަށް އަރަނީ މިވާހަކަ ދައްކަންވީ އަޔާގެ މަންމަ އާއިބާއޭ ނޫނީ އަޔާ އާއިބާއޭ…އެނގޭތަ، އަހަރެން ތިގެއަށް ދިޔަ ދުވަހެއްގަ އަޔާގެ މަންމަވަނީ އަހަންނަށް ވާހަކައެއް ކިޔާދީފަ، އަޔާގެ މަންމަގެ ކުރީގެ ދިރިއުޅުމާބެހޭގޮތުން، މިބުނީ ކުރީގެ ކައިވެންޏާ ބެހޭގޮތުން….އަހަންނަށް…އަހަންނަށް ޒައުލް މެންގޭން ވަރަށް ބޮޑު ފޮޓޮއެއްދެކުނިން، އޭގެން އަހަންނަށް ފެނުނީ އަޔާގެ މަންމަ، އެކަމަކު އަޔާގެ މަންމަ އާއިއެކު ތިބި ކުދިންނަކީ ޒައުލް އާއި އޭނަގެ ދައްތަ އާއި އޭނަގެ ކޮއްކޮ….އަޔާ…” ޔޫހާ އަޅައިގަންނަމުން އޭނައަށް ފެނުނު ފޮޓޯގެ ހަގީގަތް ހާމަކުރަން މަސައްކަތްކުރިއެވެ. އޭނަގެ ބަސްހުއްޓުނީ އައްޔަދުގެ ލުއި ހީނލުން އަޑުއިވުމުންނެވެ.

“އަހަރެން އެއްގޮތަކަށްވެސް ހީނުކުރަން ޔޫހާއަށް ތިކަން އެނގިދާނެކަމަކަށް، އެވެސް އެގޭތެރެއިން…އެކަމަކު ބުނަން، އަހަރެންގެ ހިތަށް އެއްވެސް ހަމަޖެހުމެއް ތިކަމަކުން ނުލިބޭ..” ޔޫހާ އައްޔަދުގެ ވާހަކަ މެދުކަނޑާލުމަށްފަހު ވާހަކަދެއްކިއެވެ.

“އައްޔަދުއަށް އެކަން އެނގޭތަ، ޒައުލްމެންގެ ގެއިން އަޔާގެ މަންމަގެ ފޮޓޮއެއް ފެނިދާނެކަން” ހައިރާންކަމާއިއެކު ޔޫހާ ސުވާލުކުރިއެވެ.

“ޒައުލް އޭނަގެ މަންމަ އާއި ބެހޭގޮތުން ޔޫހާގެ ގާތުގައި ބުނެފައިވަނީ ކީކޭ” އައްޔަދުވެސް ކުރީ ސުވާލެކެވެ.

“އޭނަ ދުވަހަކުވެސް އޭނަގެ މަންމަގެ ވާހަކައެއް އަހަރެން ކައިރީ ނުދައްކާ، އަހަރެން ހީކުރަނީ އޭނަގެ މަންމަވީ މަރުވެފައިކަމަށް، އެކަމަކު އަހަންނަށް އަޔާގެ މަންމައެއް ނޯޅޭނެއެއްނު، ކިޔާން އާއި ހެދި އެހާވަރުން އުޅެނީ، ދެން އެހެންވީރު އަޔާގެ މަންމަ ފުރަތަމަ ކައިވެނި ކުރީ ޒައުލްގެ ބައްޕަޔާތަ، އަޔާގެ މަންމައަކީ ޒައުލްގެވެސް މަންމަތަ” ޔޫހާއަށް އިންތަނުން ތެދުވެވުނެވެ. އައްޔަދު އާނއެކޭ ބުނުމުގެ ގޮތުން ބޯޖަހާލުމާއިއެކު ޒަރާނާގެ ވާހަކަތައް ކިޔާދިނެވެ. ޔޫހާއަށްވެސް ޒަރާނާގެ ހިތި މާޒީގެ ވާހަކަ އެނގެއެވެ. އެހެންނަމަވެސް ޒަރާނާއީ ޒައުލްގެ މަންމަކަމަށް ވެދާނެއެކޭ އޭނަ އެއްފަހަރުވެސް ހީނުކުރެއެވެ. ޒަރާނާގެ ވާހަކަ ދުވަހަކުވެސް ޒައުލް ނުދައްކައެވެ. އެހެންވެ ޒައުލްގެ ގާތުގައި އޭނަގެ މަންމަ އާއި ބެހޭގޮތުން އެއްވެސް ސުވާލެއް ކުރަން ޔޫހާ ބޭނުންނުވީއެވެ. އެތަށް އިރަކު އައްޔަދު އާއި ޔޫހާ މަޝްވަރާކުރުމުގައި އެކޮޓަރިތެރޭގައި ތިއްބެވެ. ދެކެވެމުންދިޔަ ވާހަކައިގެ ހޫނުކަމާއިއެކު ދެމީހުންނަށްވެސް ތިބެވުނީ ކޮޅަށެވެ. ދެމީހުން ސިހިގެންދިޔައީ އަފްލީންގެ އަޑާއިއެކު އިތުރުމީހެއްގެ އަޑުއިވިގެން ދިއުމުންނެވެ. ދެން ފެނުނީ އެކޮޓަރީގެ ކައިރިކޮއްލެވިފައި ހުރި ދޮރު ތަންމިނަށް ހުޅުވާލިތަނެވެ.

“މާމަ…” ޔޫހާ އައްޔަދުއަށް ބަލާލީ ބިރުގެންފައި ހުރި ގޮތަކަށެވެ. އައްޔަދު އާއި ޔޫހާ އެއްޗެއް ނުބުނެ ތިބީ ލާއިގާއަކީ ކާކުކަން އެނގޭތީވެ އޭނައާއި ދިމާލަށް އެއްޗެއް ބުނުމަކީ އޭނައަށް ކުރާ ގަދަރުކުޑަކޮއްލުން ކަމަށްވާނެތީއެވެ. ލާއިގާ ހަޅޭލަވަމުންދިޔައީ ޔޫހާ އާއި އައްޔަދުގެ ފަރާތުން ފެނިގެން ނުވާނޭފަދަ ކަމެއް ފެނިގެން އުޅޭހެންނެވެ. ޔޫހާ އައްޔަދުއަށް ބަލާލުމަށްފަހު ކޮޓަރިން ނުކުންނަން ހިނގައިގަތެވެ.

“ގަންނާނެހާ ގަނޑެއް ގަނެނިމުނީދޯ، އިނދެގެން ގެންދިޔައީމަވެސް ފިރިމީހާގެ ގޭގަ ނީނދެވިގެން މިގެއަށް ތިޔައީ މިކަން ކުރަންވެގެންދޯ، ކަލޭގެ އަސްލު ސިފަ ޒައުލްއަށް މިއަދު ފެންނާނެ، މަންސޫރު…މަންސޫރު…”ލާއިގާގެ ދުލުން މަންސޫރުގެ ނަން އަޑުއިވުމާއިއެކު ޔޫހާއަށް ހުއްޓުން އެރިއެވެ. ދޮރުން ނުކުންނަން އުޅެފަވެސް އޭނައަށް އިތުރަށް އެންމެ ފިޔަވަޅެއްވެސް ނޭޅުނެވެ.

“އަޅުގަނޑުމެން ދެމީހުންގެ ދޭތެރޭގަ ތިހީކުރާފަދަ ގުޅުމެއް ނުހިނގާ، މީ ޔޫހާ އުޅުނުގެ، މިގޭ މީހުންނަކީ އޭނަގެ އެއްބަނޑު އެއްބަފާ ކުދިންނަށްނުވިޔަސް، އެމީހުން އޭނަދެކެ ލޯބިވަނީ އެފަދައިން، ތިހެން ހީކުރުމަކީ ގޯހެއް، އަޅުގަނޑަށް މިހާރު އޭނަ އާއި ދިމާލަށް ތިދެކޭފަދަ ނަޒަރަކުން ބަލާލުމަކީވެސް ހުއްދަކަމެއްނޫން، ޔޫހާއަކީ ޒައުލްގެ ހައްގެއް، ޒައުލްގެ ހައްގަކަށް އަޅުގަނޑު ދުވަހަކުވެސް އަތްގަދައެއްނުކުރާނަން…” އައްޔަދުއަށް ޔޫހާއަށް ވީގޮތްފެނުމާއިއެކު އޭނަގެ ދިފާއުގައި ވާހަކަދެއްކިއެވެ.

“ދެމީހުންއެކީގަ ކޮޓަރިއެއްގެ ތެރޭގައި ތިއްބަ ފެނުނީނަމަވެސް….ހެ ހެ ހެ…އަހަރެން ހިތަށްއަރާ ފިރިހެނުންނަށްވެފަ މިތިބެނީ ކިހިނެއްބާއޭ، މިކަހަލަ އަންހެނުންނަށްޓަކައި މަރުދޭންވެސް ތައްޔާރަށް، ގަދަރުވެރި އާއިލާއެއްގައި ހުރި ހަމައެކަނި ފިރިހެން ދަރީގެ އަންބަކަށް ވީމަވެސް މީނައަށް ނުފުދުނު، އެހެން ފިރިހެނުންނާ ބައްދަލުކުރަން މިއަންނަނީ ގެއަށް، އަހަރެން ބުނީމެއްނު ގިނަދުވަހަކު މިކުޅިވަރެއް ނުކުޅެވޭނެޔޭ” ލާއިގާ ޔޫހާގެ ކޮނޑުގައި އަޅާކޮއްޕާލުމާއިއެކު ބުނެލިއެވެ. އައްޔަދު ޔޫހާގެ އަތުގައި ހިފައިގެން ކޮޓަރިން ބޭރަށް ނުކުތީ ރުޅިގަދަވެގެންނެވެ. ސިޓިން ރޫމު ދޮރުމަތީ ހުރި މަންސޫރު ޔޫހާއަށް ފެނުނީ އެވަގުތުއެވެ. ވަގުތުން އައްޔަދުގެ އަތްފޮޅުވާލާފައި އަފްލީންގެ ގާތުގައި ބިރުގެންފައި ހުރިފަދަ ގޮތަކަށް ލާއިގާ އާއި ދިމާލަށް ބަލަންހުރި ކިޔާން އުރާލަމުން އެގޭން ނުކުމެގެން ދިޔައެވެ. އަފްލީން ގޮވުމުންވެސް މަޑުކުރުމެއްނެތެވެ. އައްޔަދު ޔޫހާގެ ފަހަތުން ދާން އުޅެފަވެސް ހުއްޓުނީ މިވަގުތަށް އެއީ އެންމެ ރަނގަޅުގޮތްކަމަށް ނުވެދާނެއޭ އޭނަގެ ޒަމީރު ބުނުމުންނެވެ. މަންސޫރުވެސް އަވަސް އަވަހަށް އެގެއިން ނުކުމެގެން ގޮސް ކާރަށް އަރައިފިއެވެ. ލާއިގާވެސް މަންސޫރުގެ ފަހަތުން ގޮސް ކާރަށް އެރިއެވެ. އަފްލީނަށް ސޯފާކުރިމަތީ ހުރި ކުޑަމޭޒުގެ މަތީގައި އޮތް ޔޫހާގެ ދަބަސްފެނުނީދެނެވެ.

“އޯނޯ…ދަބަސްވެސް ބާއްވާފަ އެދިޔައީ، ފޯނުވެސް މިއޮތީ….ޒައުލްއަށް ގުޅަންތަ” އަފްލީން ކަންބޮޑުވުމާއިއެކު ޔޫހާގެ ދަބަހާއި އޭގެމަތީގައި އޮތް ފޯނުނަގަމުން ބުނެލިއެވެ.

“ނޫން، ޒައުލްއަށްވުރެ މާރަނގަޅުވާނެ އެހަށް އަފޫގެ ދޮންބެއަށް ގުޅާފަ ހުރިހާ ވާހަކައެއް ކިޔާދޭން، އަފޫ ބުނަމެއްނު ޒައުލް ޝާއިންގެ އަޑުއަހާވާހަކަ” އައްޔަދު އޭނައަށް ފެންނަގޮތް ހާމަކުރިއެވެ.

ހިނގަމުން ހިނގަމުންގޮސް ޔޫހާވަނީ ކުޑަކުދިންގެ ބަގީޗާތެރެއަށެވެ. އެންމެ ފުރަތަމަވެސް އޭނަގެ ހިތްބޭނުންވީ ކިޔާންއަށް ހަމަޖެހުމެއްދިނުމަށެވެ. ދުވެދުވެފައި އުޅޭ ކުޑަކުދިންތަކާއި އެތަނުގައި އެކުދިންނާއިއެކު އުޅޭ ބޮޑެތިމީހުންގެ ނިވަލަށްވަދެ ޔޫހާ އޭނަގެ އަމިއްލަ ހިޔާލުތަކުގެ ތެރެއަށް ގެއްލިފައިހުއްޓެވެ. ކިޔާން ހުރީ ވަރަށް އުފަލުންނެވެ. އޭނަ އާއިއެކު ދުވެލާނެ ދެކުއްޖަކުވެސް އޭނަ ހޯދީ ކިހިނެއްކަމެއްވެސް ޔޫހާއަށް ނޭނގެއެވެ. ދޭތެރެއަކުން މަންމީއޭ ކިޔާން ގޮވާލުމުން ޔޫހާ ހިތުންވެލައެވެ. އޭނަގެ ސިކުނޑީގައި ދެހިޔާލެއް ބުރުޖަހަމުންދިޔައެވެ. ލާއިގާގެ ސަބަބުން ޒައުލްއަށް ދޭނީ ކޮންޖަވާބެއް ކަމާއި އައްޔަދު އޭނައަށް ދިން މަޝްވަރާގެ މަތިން އެދެމީހުން ރޭވި ރޭވުން ކާމިޔާބު ކުރާނެ ގޮތަކާއިމެދުގައެވެ.

ޝާއިން އާއިއެކު އެގެއަށް ޒައުލް އައީ ކުޑަކުޑަ އިރުކޮޅެއްގެ ތެރޭގައެވެ. އޭރު އައްޔަދު އެގެއިން ނުކުމެގެން ހިނގައްޖެއެވެ. ޒައުލްއަށް އޭނަ ފެނުމުން އިތުރަށް އޭނަގެ ލޭވެސް ހޫނުވާނީކަން އައްޔަދުއަށް އެނގޭތީވެއެވެ. އަފްލީން އަވަސް އަވަހަށް ވާހަކަދެއްކިއެވެ. ޝާއިން އާއި ޒައުލް ކާރުގައި މާލޭގެ އެކިމަގުތަކުގައި ޔޫހާ ހޯދުމަށްދުއްވިއެވެ. ޒައުލްމެންގެ ގެއަށް ޔޫހާ ނުދާނެކަން އޭނައަށް ޔަގީންވެއެވެ. ކުރިހުރިހާ މަސައްކަތެއް ބޭކާރުވުމުން ޒައުލްއަށް ލިބުނު ހާސްކަންވީ އިތުރެވެ. ޒައުލްގެ ހިތުގައި އުފެދެމުންދިޔަ މާޔޫސްކަމާއި ރުޅިވެރިކަން އޭނަ ބޭނުންވީ ގެއަށްގޮސް މާމައަށް އަމާޒުކުރުމަށެވެ. އެކަން ޝާއިންއަށް އެނގުނީކަންނޭގެއެވެ. އެހާލުގައި އޭނަ ގެޔަށް ދިއުމަށް ޝާއިން އެއްގޮތަކަށްވެސް ގަބޫލެއްނުވިއެވެ.

އިރުއޮއްސި އަނދިރިވުމާއިއެކު ޔޫހާ މަޑުމަޑުން ކިޔާންގެ އަތުގައި ހިފާލައިގެން ހިނގާފައި އައީ ޝާއިންމެންގެ ގެއަށެވެ. އައި މަގުމަތީގައި އޭނަގެ ސިކުނޑީގައި ހުރިހާކަމެއް ރާވާލިއެވެ. އަދި ޝާއިންމެންގެއަށް ގޮސް އޭނަގެ ފޯނު ނަގައިގެން ޒައުލް އަށް ގުޅުމަށްވެސްމެއެވެ. ނަމަވެސް އެގޭ ދޮރޯށިން ވަދެގެން އައިސް ސިޓިން ރޫމު ދޮރުމައްޗަށް ހުއްޓުމާއިއެކު ޔޫހާގެ އަތުގައި ހިފައިގެން ހުރި ކިޔާން ޑެޑީއޭ ބުނެލަމުން ދުވެފައި އެތެރެއަށް ވަދެގެން އައިސް ޒައުލްގެ ގައިގާ ބައްދައިގަނެފިއެވެ. ޔޫހާއަށް ޒައުލްއަށް ބަލާލެވުނީ ކުއްވެރިޔަކު ފަދައިންނެވެ.

“ހިނގާ ދަމާ” ޒައުލް ކިޔާން އުރާލުމާއިއެކު ސޯފާއިން ތެދުވަމުން ބުނެލިއެވެ. އޭނަގެ މޫނުމަތިން ޔޫހާއަށް އެއްވެސް ޖަޒުބާތެއްފާޅުވެގެން ނުދިޔައެވެ. އެކަމާވެސް ޔޫހާ އިތުރަށް ކަންބޮޑުވާގޮތްވިއެވެ. އެހެންނަމަވެސް ޒައުލްގެ ފަހަތުން އަފްލީން ދިއްކޮއްލި އޭނަގެ އަތްދަބަހާއި ފޯނު ހިފައިގެން ނުކުތެވެ.

“މަންމާ، ކަންތައް ވަރަށް ގޯސްވެއްޖެ…” ހާސްކަމާއިއެކު ދެކޮޅަށް ހިނގަމުންދިޔަ އައްޔަދު ޒަރާނާ އާއި ވާހަކަދެއްކިއެވެ. އަދި ޔޫހާއަށް ކަންތައް ދިމާވިގޮތާއި ޒައުލްގެ ގެއިން ފެނުނު ޒަރާނާގެ ފޮޓޯގެ ވާހަކަވެސް އޭނަ ކިޔާދިނެވެ.

“މަންމައަށް އޭރުވެސް އެނގޭ ޒައުލްގެ މާމަ ގަބޫލެއް ނުވާނެކަން، އޭނަ ޒައުލް އާއި ޔޫހާ އެކުގައި އުޅުނުކަ ނުދޭނެ…” ޒަރާނާއަށް އައްޔަދުގެ ވާހަކައަޑުއިވިފަ ވަރަށް ބޮޑަށް މާޔޫސްވިއެވެ.

“މަންމާ، ޒައުލްގެ ރުޅި ހުންނަގޮތް އެނގެއެއްނު…ޒައުލް ނުބުނޭ އަހަރުމެން ދެމީހުންގެ މަންމައަކީވެސް ތީކަން، ޔޫހާ ހީކުރަނީ ޒައުލް އޭނަގެ މަންމަގެ ވާހަކަ ނުދައްކަނީ ނިޔާވެފައިވުމުންކަމަށް، އަޅުގަނޑު ވަރަށް ހައިރާންވޭ މިހާދުވަސްވީއިރު އެމީހުން މަންމަ އެގެއިން ނެރެފަ އެކަމަކު އެގޭގައި މަންމަގެ އެހާ ބޮޑު ތަސްވީރެއް ބަހައްޓައިފައި ހުރިވާހަކަ އެނގުމުން” އައްޔަދު ބުންޏެވެ. އެކަމާ ޒަރާނާ އެއްވެސް އެއްޗެއް ނުބުންޏެވެ.

“އިރާދަކުރެއްވިއްޔާ ޔޫހާވާނީ ޒައުލްގެ އަންބަކަށް، ކިޔާންއަކީ އެދެމީހުންގެ ދަރިއެއްކަން އަހަރެން ގަބޫލުކުރަން، މިފަހަރު ލާއިގާއަށްވެސް ޖެހޭނީ އެދެކުދިން ގަބޫލުކުރަން….ޒައުލްގެ މަންމަ އަދި ދުނިޔޭގައި އެބަހުރި، ޔޫހާއަކީ އަހަރެންގެ ޅީދަރިއެއް، އަހަރެންގެ ދޮށީ ފިރިހެން ދަރިފުޅުގެ އަންހެނުން” ހިޔާލުތަކުގެތެރެއަށް ގެއްލިފައި އިން ޒަރާނާ ބުންޏެވެ. އަދި އޭނަގެ ދެލޮލަށް ޖަމާވަމުންދިޔަ ކަރުނަތައް ނުހިފެއްޓޭނެހެން ހީވުމާއިއެކު އައްޔަދުގެ ކޮޓަރިން ނުކުމެގެންގޮސް އޭނަގެ ކޮޓަރިއަށްވަނެވެ.

ޒައުލްގެ ދެމަފިރިން އައިސް ގެއަށް ވަންތަން ސިޓިންރޫމުގައި ތިބި ލާއިގާ އާއި މަންސޫރަށް ފެނުނެެވެ. މަންސޫރު ސޯފާއިން ތެދުވެ ޒައުލްއަށް ގޮވާލާފައި މަޑުކޮއްލަ ދިނުމަށްއެދުނެވެ.

“ޔޫހާ ދޭ ކޮޓަރި، ކިޔާން ނިދަން ތައްޔާރުކުރޭ….” އެއްވެސް އަސަރެއްނެތް ގޮތަކަށް ޒައުލް ބުނެލިއެވެ. ޔޫހާ ކިޔަމަންތެރިކަމާއިއެކު ބޯޖަހާލާފައި ކިޔާން ގޮވައިގެން ސިޑިއާއި ދިމާލަށް ދިޔައެވެ. ކިޔާން ނިންދަވަން އަދި މާއަވަސްކަން އެނގޭއިރުވެސް ޒައުލް އާއި ދެކޮޅު ހަދަން ބޭނުންނުވީއެވެ.

މަންސޫރު ބުނެގެން ޒައުލް އައިސް ސޯފާގައި އިށީނެވެ. ނަމަވެސް ހުރިހާ ވާހަކައެއް ދެއްކީ ލާއިގާއެވެ. ޔޫހާގެ ވިޔާނުދާ އުޅުމޭ ކިޔައިގެން ލާއިގާ އެހުރިހާ ވާހަކައެއް ދެއްކިއިރުވެސް ޒައުލް އެއްޗެއް ނުބުނެއެވެ. އެހެންނަމަވެސް އޭނަގެ ހިތަށް އަސަރު ކުރީ އެހުރިހާ ކަމެއް މިހާރު މަންސޫރަށްވެސް ގަބޫލު ކުރެވެޔޭ އޭނަ ބުނީމައެވެ.

“ބައްޕަވެސްތަ….މާމާ، އަޅުގަނޑު ބޭނުންވަނީ އެންމެ ފުރަތަމަ ޔޫހާ އާއި ތިކަމާ ބެހޭގޮތުން ވާހަކަދައްކަން، ދެން އިތުރަށް ކިޔާނެ އެއްޗެއް ނެތްނަމަ އަޅުގަނޑު މިދަނީ އަޅުގަނޑުގެ އަންހެނުން ގާތަށް” ޒައުލް ސޯފާއިން ތެދުވިއެވެ.

އިޝާ ނަމާދުން ފޭބި ޒަރާނާ އެނދުގައި އޮށޯވެލައިގެން އޮތެވެ. އޭނަގެ ސިކުނޑީގައިވަނީ އެތަށް އަހަރުތަކެއްގެ ކުރީގެ ހަނދާންތަކެކެވެ. މަރާލި ލޮލާއިއެކު ހީވީ އެއަޑު ކަންފަތްކައިރިން އިވުނުހެންނެވެ.

“އަހަރެން މިވަރަށް ލޯބިވާ ދެވަނަ ފަރާތެއް މިދުނިޔޭގަވެސް ނުހުންނާނެ، ޒަރާ…މިފާރުން މިފޮޓާ ފެންނަ ކޮންމެ މީހަކަށް އަހަރުމެންގެ އާއިލާގެ ފުރިހަމަކަން ފެނިގެންދާނެ، ޒަރާގެ ރީތިކަން މިފޮޓޮޔަށް އިތުރު ފުރިހަމަކަމެއް ގެނެސްދޭ…މިހާ ބޮޑުކޮަށް މިފޮޓޯ ހެދީ ކީއްވެކަން އެނގޭތަ، އޭރުން އަހަރެން ގެއަށްވަންނަ ކޮންމެ ފަހަރަކު އެންމެ ފުރަތަމަވެސް ބަލާލެވޭނީ ޒަރާގެ މޫނަށްކަމަށްވާތީ، މިފޮޓޮޔަށް ބަލާލުމުން ހީވަނީ ދެންމެ ދެންމެ ޒަރާ ނުކުމެގެން އަހަރެންގެ އަތުގެތެރެއަށް އައިސްދާނެހެން….” މަންސޫރު ބުންޏެވެ.

ޒާރާނާ މަގަތަށް ފުރޮޅިލުމާއިއެކު ދެލޮލަށް ޖަމާވެފައިވާ ކަރުނަތައް ފައިބެގެންދިޔައެވެ. އަވަސް އަވަހަށް އެއްއަތުން ދެލޯ ފޮހެލިއެވެ.

“ތި ފޮޓާއަކީ އަބަދަށް ދެމިގެންވާނެ އެއްޗެއްނޫން، އެކަމަކު މަންސޫރުގެ ހިތުން އަހަންނަށް ދެއްވި މަގާމަކީ އަބަދަށް ދެމިގެންވާނެ މަގާމަކުންވުން އަހަންނަށް މާމުހިއްމު” ޒަރާނާއަށް އޭނަގެ އަމިއްލަ އަޑުއިވިގެންދިޔައެވެ. އެރޭގެ އެލަދުވެތި ހީނލުމާއިކުއެވެ. އެއާއިއެކު ދެން އިވުނީ މަންސޫރު ދިން ޖަވާބެވެ.

“މިހިތުގަ ޒަރާ ނޫން މީހަކަށް ޖާގައެއްނުވޭ، މަންމަ ޒަރާދެކެ ރުޅިއަންނާތީ އަހަރެން ވަރަށް ދެރަވޭ، އެކަމަކު އެކަމާ އަޅާނުލާ، އަހަރެން ޒަރާދެކެ އަބަދުވެސް ލޯބިވާނަން، މިފޮޓޯއަކީ އެކަމުގެ ހެއްކެއް….އެނގޭ ފޮޓޮއެއްވީމަ ހަލާކުވެސް ވާނެކަން، އެކަމަކު އަހަރެން އެހެންވިޔަކަ ނުދޭނަން، ކިރިޔާ ކުލަޔަށް ބަދަލެއް އަޔަސް މިއަދުނެގި ފޮޓޮއެއްގޮތަށް ހަދާލާނަން، ނޫނީ މޮޅު ކުރެހުންތެރިއަކު ގެނެސް މިކަހަލަ އެތަށް ފޮޓޮއެއް އެމީހަކު ލައްވާ ކުރަހުވާނަން، މިފޮޓޯގައި މިވަނީ އެތަކެއް ހަނދާންތަކެއް، އަހަރެންގެ މުޅި ހަޔާތް، އަހަރެންގެ އަލަތު ލޯތްބާއި އަހަރެންގެ މޭވާ އެޅުމަށް ޚާއްޞަކުރެވިފައިވާ ގަސް….މިފޮޓޯ މިތަނުގައި ހުންނާނީ އަހަރެންގެ ވެރިރަސްކަލާނގެ އަހަރެންގެ ފުރާނަގެންދަވަންދެން، އޭގެފަހުގަ މިފޮޓޮޔަށް ހަދާނެ ގޮތެއް އެނގޭނީ އަހަރުމެން ދެމީހުންގެ ދަރިންނަށް” މަންސޫރު ލޯތްބާއިއެކު ޒަރާނާގެ ދިގު އިސްތަށިގަނޑުގައި ފިރުމަމުން މިހެން ބުނި ހަނދާނާއި އެމަންޒަރު ޒަރާނާގެ ކަރުނުން ފުރިފައިވާ ދެލޮލަށް ފެނި އެކަންފަތައް އަޑުއިވެމުންދިޔައެވެ. ކޮންމެ ފަހަރަކު ދެލޯ ފޮހެލަނީ ރޯން ބޭނުންނުވާތީއެވެ. މަންސޫރުގެ ހަނދާންތައް އާލާކުރަން ބޭނުންނުވާތީއެވެ. ކުއްލިއަކަށް ދޮރުގެ ތަޅުގައި ހިފާލިއަޑާއިއެކު ޒަރާނާ އޮތްފަރާތް ނޫން އަނެއްފަރާތަށް އެނބުރި ބާލީހުގެ ކަނުން ކުރިއަށްވުރެވެސް ބޮޑަށް ދެލޯ ފޮހެލިއެވެ.

“ޒަރާ، ކިހިނެއްވެފަ ތިއޮތީ…ބޮލުގަ ރިއްސަނީތަ” ކޮޓަރިއަށް ވަން އާފާގު އަހާލިއެވެ.

“އުނހޫން…” ޒަރާނާ އާފާގުއަށް ފުރަގަސްދީގެން އޮވެބުނެލިއެވެ.

“މިރޭ އަހަންނަށް ކާންހަދާ ނުދޭނަންތަ” އާފާގު އައިސް ޒަރާނާގެ ގާތުގައި އިށިންނަން އުޅުމުން ބުނެލިއެވެ. ނަމަވެސް އާފާގުއަށް ނީށީނދެވެނިސް ޒަރާނާ ތެދުވެ ކޮޓަރިން ނުކުންނަން ހިނގައިގަތެވެ. އޭނަގެ ފަހަތުން އާފާގުވެސް ހިނގައިގަތީއެވެ.

ކިޔާން ނިންދަވާލުމަށްފަހު އޭނަގެ ގާތުގައި އޮށޯވެލައިގެން ޔޫހާއޮތެވެ. ފުންވިސްނުމެއްގެ ތެރެއަށް ގެއްލިފައިވާ ޔޫހާއަށް ހިލަމެއްވީ އޭނަގެ ކޮނޑުގައި ފަހަތުން ޒައުލްގެ އިނގިލިތަކުގެ ކޮޅުން ޖަހާލުމާއިއެކުއެވެ. ޔޫހާ މޫނުއަނބުރާލުމާއިއެކު ޒައުލް ފެނުމުން އޭނަ މަޑުމަޑުން ތެދުވެ ޒައުލްގެ ފަހަތުން ހިނގައިގަތެވެ.

“މިހެންވާންވީ ކީއްވެ، އަހަރެން ޔޫހާ ގާތު ނުބުނަންތަ އަހަންނަށް އިތުރު ފުރުޞަތެއް ދޭށޭ، އަހަންނަށް އެނގޭ މިގޭގަ ހުރިހާކަމެއް މިވަނީ ޔޫހާ ބޭނުންވާގޮތަކަށް ނޫންކަން، އެކަމަކު މިގޭގަވެސް ޔޫހާ ބޭނުންވާ މީހުންނާ ބައްދަލު ކުރެވޭނެ، އަހަރެންގެ ކޮންމެ އެއްޗަކީ ޔޫހާގެވެސް އެއްޗެއް، ދެން ކީއްވެހޭ….ބައްޕަގެ އިތުބާރު ގެއްލޭފަދަކަމެއް ޔޫހާ ކުރަންވީ ކީއްކުރަން، ޔޫހާއަށް އެނގެން ޖެހޭނެދޯ މާމަ އެހުންނަނީ ޔޫހާގެ ފިޔަވަޅުތަކަށް ބަލަބަލާކަން، އަހަންނަށް އަފްލީން ކިޔާދިން ކަންތައްވީގޮތް، އެކަމަކު އަހަންނަށް ނުވިސްނުނުކަމަކީ ޔޫހާ އަފްލީން ރައްޓެހިވެގެން އުޅޭ ކުއްޖާ އާއިއެކު ކޮޓަރިތެރޭގައި ކޮންވާހަކައެއްކަން ދެއްކީ” ޒައުލް ޔޫހާއަށް ފުރަގަސްދީގެން ހުރެ ވާހަކަދެއްކިއެވެ. އޭނަގެ ހިތްހަމަނުޖެހިފައިވާ މޫނު ޔޫހާއަށް ދައްކަން ބޭނުންނުވާކަހަލައެވެ.

“ޒައުލްއަށް އެނގޭނެ މާމައެދައްކަނީ ރަނގަޅުވާހަކައެއްނޫންކަން، އަހަރެން އެމީހުން އެބުނާފަދަކަމެއް ނުކުރާނެކަން، ޒައުލް އަހަންނަށް އިތުބާރެއްނުކުރަންތަ، އަހަރެން އޭނަ އާއި ދެއްކި ވާހަކައަކުން އަހަރުމެންދެމީހުންގެ ގުޅުމަކަށް އެއްވެސް ބުރުލެއް ނާރާނެ، އަހަރެންގެ ފިރިމީހާއަށް ޝައްކުވާފަދަ އެއްވެސް ކަމެއް އަހަރެން ނުކުރާނަން، އަދި ދުވަހަކުވެސް ބޭވަފާތެރިއެއްނުވާނަން” މިހެންބުނެ ޔޫހާ އައިސް ޒައުލްގެ ކުރިމައްޗަށް އަރާ އޭނަގެ އަތުގައި ހިފާލިއެވެ. ޒައުލް އިރުކޮޅަކު ސީދާ ޔޫހާގެ ލޮލަށް ނަޒަރު ހުއްޓާލައިގެން ހުއްޓެވެ.

“އަހަރެން ޒައުލް އާއި ސުވާލެއް ކުރަންތަ؟” ޒައުލް އެއްޗެއް ނުބުނެ ހުންނަން ފެށުމުން ޔޫހާގެ ސިކުނޑި މަސައްކަތްކުރުމާއިއެކު ދޫހަރަކާތްކޮއްފިއެވެ. ޒައުލް މަޑުމަޑުން ބޯޖަހާލިއެއްކަމަކު އެމޫނުމަތިން އަދިވެސް ފެންނަނީ ނުތަނަވަސްކަމެވެ.

“ޒައުލް ކީއްވެތަ ދުވަހަކުވެސް ޒައުލްގެ މަންމަގެ ވާހަކަ ނުދައްކަނީ، އަހަރެން ހީކުރީ ޒައުލްގެ މަންމަވަނީ ނިޔާވެފަކަމަށް….ބުނީމެއްނު ޒައުލްގެ ހުރިހާ ވާހަކައެއް އަހަންނަށް ކިޔާދެވިއްޖެޔޭ” ޔޫހާ ޖެހިލުންވެ ހުރެއެހިއެވެ.

“ތީ ކޮންވާހަކައެއް”  ކުއްލިއަކަށް ޒައުލްއަށް ވަރަށް ބޮޑުބަދަލެއް އައިކަން ޔޫހާއަށް ފާހަގަވިއެވެ. އޭނަ ޔޫހާގެ އަތުން ވަގުތުން ދޫކޮއްލުމާއިއެކު އެނދާއި ދިމާލަށް ހިނގައިގަތެވެ.

“ޒައުލް އަހަންނަށް ކަމެއް ސިއްރުކުރަނީތަ، ކޮބާތަ މައްސަލައަކީ، ކޮބާތަ ޒައުލްގެ މަންމަ” ޔޫހާ ވާހަކަދައްކަމުން ޒައުލްގެ ފަހަތުން އައެވެ.

“ބަލަ ޔޫހާއަކަށް މައްސަލައެއް ނޭނގުނުތަ، އަހަރެންގެ އަންބަކަށްވެ ހުރެ ހިލޭ ފިރިހެނަކު ގޮވައިގެން އަމިއްލަ ކޮޓަރީގައި ހުރި ވާހަކަ އެންމެން ދައްކާއިރު އަޑެއްނީވޭތަ….ނޫނީ އަޑުއަހަން ބޭނުންނުވަނީތަ” ކުއްލިއަކަށް ޒައުލްގެ ރާގުވެސް ބަދަލުވެއްޖެއެވެ. ރުޅިއައިސް ރަތްވެފައިވާ މީހަކުފަދައިން ޔޫހާ އާއި މުހާތަބުކުރިއެވެ.

“އެންމެންނަކީ ކޮބާތަ، ޒައުލްގެ މާމަ އާއި ބައްޕަތަ، ދެން މިގޭގަ އުޅޭ ޒައުލްގެ އަންހެން ކޮއްކޮތަ….ނޫނީ އަހަރެން ކުރި ސުވާލަށް ޖަވާބުދޭން ޒައުލް ބޭނުންނުވަނީތަ، އެކަމަކު އެއީ މީހަކަށް ޖަވާބު ނުދެވޭވަރުގެ ސުވާލެއްތަ، އަހަންނަށް އެވަރު އަހާލެވިދާނެކަންނޭގެ ދޯ، ޒައުލްގެ މަންމަގެ ވާހަކަ ނުދައްކަން ތިއުޅެނީ ކީއްވެތަ” ޔޫހާވެސް ގޮތްދޫނުކުރާގޮތް ދައްކާލިއެވެ. ފަހަރެއްގައި އޭރުންވެސް ޒައުލް އެކަމާ ގުޅިގެން އެއްޗެއް ބުނެދާނެ ކަމަށެވެ. އެހެންނަމަވެސް އޭނަގެ ރުޅި ކުރިއަށްވުރެވެސް ގަދަވުމާއިއެކު އަވަސް ހިނގުމުގައި ކޮޓަރިން ނުކުމެގެންދިޔައީއެވެ. އޭނަގެ ފަހަތުން ދުވެފައި ކަހަލަގޮތަކަށް ޔޫހާ ނުކުތެވެ. އޭރު ރޭގަނޑުގެ ކެއުން ނިންމާލުމާލުމާއިއެކު މަންސޫރުވެސް ސިޑިން މައްޗަށް އަރަނީއެވެ. ޒައުލްގެ ނަމުން ގޮވަމުން ކޮޓަރިން ނުކުތް ޔޫހާ އާއި އޭނައަށްވުރެ ކުޑަ ހިނދުކޮޅެއްކުރިން ހަރުކޮށް ހިނގާފައި ނުކުތް ޒައުލް މަންސޫރަށް ފެނުނެވެ. އެދެމަފިރިންގެ މެދުގައި ދެބަސްވުމެއް ހިނގަނީކަން މަންސޫރަށް ވަގުތުން ނަގައިގަނެވުނެވެ.

“ޒަރާ، ވީގޮތެއް ބުނެބަލަ، އަހަރެން އަހާ އަހާ ވަރުބަލިވީމަތަ ބުނާނީ، ނޫނީ ނާހަންވީތަ، އެކަމަކު އެއީވެސް ގޮތެއްނޫންދޯ…ކޮބާތަ ޒަރާގެ އަޑު، އެހެންޏާ ކާންހަދަން އުޅޭއިރު އެއަޑު ކަޑައިގެން ނުދާނެ، ކޮންމެވެސް ވާހަކައެއް އަހަންނާ ދައްކާނެ” އާފާގު އެކިއެކި ވާހަކަދައްކަމުންދިޔައެވެ. ޒަރާނާ ހަމަ ބަހެއްވެސް ނުބުނެ ކާމޭޒުމަތީ ތަށިތައް އަތުރަމުންދިޔައެވެ. ރިހަބޯތައްޓާއި ބަތްއަޅާފައި ހުރި ތައްޓެވެ. އަދި އާފާގު އާއި އައްޔަދު ކާނެ ތައްޓާއި ފެންބޯނެ ތައްޓެވެ. ކާންހަދާ ނިމުމުންވެސް ޒަރާނާ އެއްތާކު މަޑުވާގޮތެއްނުވިއެވެ. މިކަމަށް ކެތްކުރަން ދަތިވި އާފާގު ކުއްލިއަކަށް ތެދުވެ ޒަރާނާގެ އަތުގައި ހިފިއެވެ. އަދި މަޑުމަޑުން ކައިރީގައި ހުރި ގޮނޑި ދަމާލުމަށްފަހު ޒަރާނާ އެގޮނޑީގައި ބޭންދިއެވެ.

“ޒަރާ، ހިތުގައި ފޮރުވުމަކުން އެކަމަށް ހައްލެއް ނުލިބޭނެ….” އާފާގުގެ ޖުމްލަ ފުރިހަމަނުވަނިސް ޒަރާނާގެ ބަޑިފަޅައިގެން ހިނގައްޖެއެވެ. މޫނުގައި ދެއަތްއަޅާ ފޮރުވާލުމާއިއެކު ޒަރާނާއަށް ރޮވެމުންދިޔައެވެ. އެވަގުތު ކާކޮޓަރިއަށް ކާންވެގެން އައި އައްޔަދުއަށް އެމަންޒަރު ފެނުނެވެ. ކަންބޮޑުވުމާއިއެކު ބަލަންހުރެފައި އަވަހަށް ފާރުގެ ނިވަލަށްވަދެ ފިލިއެވެ. އަދި ސިއްރުސިއްރުން އާފާގު ދައްކާ ވާހަކަތައް އަޑުއަހަމުންދިޔައެވެ.

“ދުވަހަކުވެސް މަޔަކު އެހެންހަދާނެތަ، އަހަރެންމީ ރަނގަޅު މަޔެއްނޫން، އެހެންނޫންނަމަ އެދަރިން ދޫކޮށެއް ނުލީސް….އާފާގު، މިދެއަތުން އަހަރެންގެ އީލާކު އެމީހުންގެ އަތަށް ދޫކޮއްލީ، އޭރު އަހަރެންގެ ޒައުލް ރޮއެ ރޮއެ ހުރި، މަންމާއޭ ކިޔާ އަހަންނަށް ގޮވިއަޑުއިވުނު” ޒަރާނާ ރޮމުން ރޮމުން ވާހަކަދެއްކިއެވެ. އާފާގުއަށް ވަގުތުން ވީގޮތް އޮޅުންފިލައިފިއެވެ.

“ޒަރާ، އެއީ ޒަރާގެ ކުދިންނޭ، ޒަރާ އެކުދިން ހޯދަން މަސައްކަތް ކުރީމެންނު، އެހެންނޫނަސް އެމީހުން ކުދިން އަތުލުމުން ޒަރާ ވިސްނުމަށްފަހު ނިންމި ނިންމުމަކީ އަދިވެސް އަހަރެން ދެކޭގޮތުގަ އެންމެ ރަނގަޅު ނިންމުން، އެދުވަހު ޒަރާ އެކުދިން ގެނައިނަމަ ރަނގަޅު ތައުލީމެއް ހޯދަދީ މިހާރު އެކުދިން އެތިބަ މަގާމަށް ގެންދިއުން ވަރަށް ބޮޑު ގޮންޖަހާލުމަށްވީސްކަން ޔަގީން، އެމީހުން އެކުދިންނަށް ވިސްނާދީފައިވާ ގޮތް ކަމުނުދަނީ، އެކުދިންނަކީ ރަނގަޅު ކުދިބައެއް، އެކަމަކު އެއާއިލާގެ އެންމެ އިސްކޮށް ބަސްބުނެހަދަނީ ކާކުކަން ޒަރާނާއަށްވެސް އެނގޭނެ، އޭނަ އެކުދިން ބަލާ އެވަރުއެކުރީ، އެހެންވެ އެކުދިންނަށްވަނީ ހަގީގަތް އޮޅިފަ، އަދި އޭނަގެ ނުފޫޒުއެކުދިންގެ މައްޗަށް ވަރަށް ބޮޑު” އާފާގު ވާހަކަދައްކަނިކޮށް ޒަރާނާވެސް ވާހަކަދައްކަންފެށިއެވެ.

“އަހަރެން އެކުދިން ބޭނުން، އާފާގު…” ޒަރާނާ ކަރުނަތަށް ފޮހެލުމެއްނެތި ބުންޏެވެ. އަދި އާފާގުގެ ކޮނޑުގައި ދެއަތްޖައްސާލަމުން ބަލާލިއެވެ. މައިވަންތަކަމުން ފުރިގެންވި ޖަޒުބާތެއް އެދެލޮލުން ފާޅުވެގެންދިޔައެވެ.

“އަހަންނަށް އެނގޭ މަޔަކާ އޭނަގެ ދަރިންވަކިކޮއްލުމަކީ އޭނަގެ ހަށިގަނޑުން ގުނަވަނެއް ވަކިކޮއްލައިގެން ގެންދިއުންފަދަ ކަމެއްކަން، އެކަމަކު ޒަރާ، އަހަންނަށް މާފުކޮއްދީ، މިހާތަނަށް އައިއިރު ޒަރާގެ ހިތުގަޖައްސާފައެއްނޯންނާނެ، ޒަރާ އާއި ދިމާލަށް ބާރަށް އެއްޗެއް ނުބުނަން، އަހަންނާ ގުޅުނު ފުރަތަމަ ދުވަހެކޭވެސް އެއްގޮތަށް ހުރިހާ ކަމެއް ބެހެއްޓޭތޯ އަހަރެން މަސައްކަތްކުރިން، އެކަމަކު އަހަންނަށް ޒަރާ އެންމެ ބޭނުންވާ ކަންތަކެއް ކޮށެއްނުދެވޭނެ، އެކުދިންނަކީ އަހަރެންގެ ބާރުފޯރާވަރަށްވުރެ ދުރުގައި ތިބި ކުދިބައެއް، އަހަރެން އެކުދިން ޒަރާގެ ގާތަށް ގެނެސްދޭނީ ކިހިނެއް، އަހަރެން ދުޢާކުރަން، މިދުނިޔޭގައި އެކުދިންނާއިއެކު ޒަރާނާ ނުވިކަމުގައިވިޔަސް ދެންއޮތް ދުނިޔޭގައި އެކުދިންނާއި ޒަރާނާ ވަކިނުކުރެއްވުމަށް އެދި، ފާޅުނުކުރިޔަސް އެންމެ ދުވަހެއްވެސް ނުދޭ ޒަރާގެ މޫނުން އެކަމުގެ މާޔޫސްކަން ފާޅުނުވާ…އަހަންނަށް މާފުކުރޭ” އާފާގު ޒަރާނާގެ ދެއަތްތިލާގައި ހިފާބާރުކޮއްލުމާއިއެކުބުނެލިއެވެ. އޭރު އެލޮލުންވެސް ކަރުނަ ނިރާލައިފިއެވެ. އެދެމަފިރިންގެ އަޑުއަހަންހުރި އައްޔަދުގެ ހިތަށްވެސް އަސަރުކޮއްފިއެވެ. އޭނަގެ މަންމައަށް ހަމައެކަނި އޭނަގެ ލޯބިން ނުފުދޭކަން މިރޭ އެނގިއްޖެއެވެ. އަދި އެމަންމަގެ ދެންތިބި ދަރިންނައްޓަކައި ކުރަމުންދިޔަ ދިގު އިންތިޒާރުވެސްމެއެވެ. މިނޫނީ ދުވަހަކުވެސް މަންމަ ރޯއަޑެއް އައްޔަދު ނާހައެވެ. ހައިރާންކަމާއިއެކު އޭނަގެ އެއްލޯ ފޮހެލެވުނީ އޭނައަށް ނޭނގިނަމަވެސް އެލޮލުން ވެއްޓުނު ކަރުނަތިކިން ކޯތާފަތް ތެމުމުންނެވެ.

ޒަރާނާއަށް އޭނަގެ ހިތުގެ މައްޗަށް ސިކުނޑި އިސްކުރެވުނެވެ. މަޑުމަޑުން ދެލޯ ފޮހެލުމަށްފަހު އާފާގުގެ އަތުގެތެރެއިން ނެގި އަތުން އާފާގުގެ މޫނުގައި ފިރުމާލިއެވެ.

“ކިޔާންއަކީ ޒައުލްގެ ދަރިއެއް، އެމީހުން…އެމީހުނެއްނޫން، ލާއިގާ….އާން، ލާއިގާ އެއުޅެނީ އަހަރެންގެ ކަހަލަ ދެވަނަ އަންހެނެއްގެ ލޯބި ފޭރިގަންނަން، ދެރައީ މިފަހަރު ތިފަދަ އާފާގެއް އެއަންހެން ކުއްޖާގެ ދިރިއުޅުމަށް އައިސްފައި ނެތްކަން…” ޒަރާނާ ބުނިއެއްޗެއް ހަމަނުޖެހުނު ކަމުގައި ވިޔަސް އޭނަ ބުނަން އެއުޅުނީ ކޮންބައެއްގެ ކޮންވާހަކައެއްކަން އާފާގުއަށް އެނގުނެވެ.

“އެއަންހެން ކުއްޖާއަށް އެހެން ހަދަންދެން ޒައުލް ހުންނާނެތަ މަޑުން” އާފާގު ޔަގީންކުރަން ބޭނުންވާ ފަދަގޮތަކަށް އަހާލިއެވެ.

“ހޫމް، އޭނައަށް ހަގީގަތް އެނގިގެންތާ ޔޫހާގެ ދިފާއުގަ އެއްޗެއް ބުނެވޭނީ، ލާއިގާ އެފުރުޞަތު ދޭނެތަ، އާފާގު ކުރިމަތީގަ އޭނަ އަހަންނަށް ހެއްދެވި ނުހެއްދެވިއަށް ގޮވީ އެދުވަހު، އަހަރެންގެ ކުށެއްނެތްކަން ސާބިތުކުރުމަށް ފުރުޞަތެއް ދިންތަ، ނޫނީ އާފާގުގެ ވާހަކަ މަންސޫރު ގަބޫލުކުރިތަ…ލާއިގާއަކީ މީހުންގެ ސިކުނޑިއާއި މޮޅަށް ކުޅެންދަންނަ މީހެއް، އޭނަ ނޫން މީހަކަށް ކުރިލިބިގެނެއްނުވާނެ، ޒައުލް ޔޫހާ އާއި ކައިވެނި ކުރީ ލާއިގާގެ  ނުގަބޫލުގަ، އަނެއްކޮޅުން ލާއިގާގެ ފުރަތަމަ ފިޔަވަޅު އޭނަ ނަގައިފި، ދެރައީ އޭނައަށް ނޭނގުނުކަން، އިލްޒާމް އެޅުވުނީ ޒައުލްގެ އެއްބަނޑު ކޮއްކޮގެ ބޮލުގަކަން…” ޒަރާނާ ބުންޏެވެ.

“ތިބުނި އެއްޗެއް ނޭނގުނު” އާފާގު މިހެން ބުނެލުމާއިއެކު ޒަރާނާ ކަންތައްވީގޮތް އައްޔަދު ކިޔާދިން ފަދައިން އާފާގަށް އޮޅުންފިލުވައިދީފިއެވެ. އާފާގުގެ ދެބުމަ ކައިރިކޮއްލުމާއިއެކު ނިތަށް ރޫޫތަކެއް އަރައިގެންދިޔައެވެ. މޫނުމަތިން ފެނުނީ ހާސްކަމާއި ހިތްހަމަނުޖެހުމެވެ.

“ހާދަ ދެރަކަމަކޭ، އެކަމަކު ޒަރާ، އަހަރުމެންނަށް ވަކި ކޮއްދެވޭނީ ކޮންކަމެއް، ޒައުލްގެ ގޮތްވެސް ޒަރާއަށް އެނގޭނެ” އާފާގު ބުނެލިއެވެ. ޒަރާނާ އޭނަގެ ހިޔާލު ފާޅުކުރިއެވެ. އެއާއިއެކު އާފާގުއަށް އެގޮތް ކަމުދިޔައެވެ.

“އައްޔަދު ހިޔާލުދިނީ އެގޮތަށް ކަންތައްކުރުމަށް، އެކަމަކު އަހަންނަށް ނުވާނެއޭ ހިތަށް އަރަނީ” ޒަރާނާ ފިނިވެފައިއިނދެ ބުނެލިއެވެ.

“އެކަކުގެ ސަބަބުން ދެފަހަރަށް ބައެއްގެ ދިރިއުޅުން އެއްގޮތަކަށް ރޫޅިގެން ދާކަށް އަހަރެންވެސް ބޭނުމެއްނޫން، އަހަރެންގެ އެއްބާރުލުން ޒަރާއަށް އަބަދުވެސް ލިބޭނެ، އަހަރެން ޒަރާއަށް ފުރިހަމަ އިތުބާރުކުރަން، އަދި ދުވަހަކުވެސް ޝައްކެއްނުކުރާނަން” މިހެން ބުނެ އާފާގު ހިނިތުންވެލަން މަސައްކަތްކުރިއެވެ.

މުޅިން އާދުވަހަކަށް އިރުއެރިއެވެ. ޒައުލް ކޮޓަރިއަށް އައީ ކޮންއިރަކު ކަމެއްވެސް ޔޫހާއަކަށް ނޭނގެއެވެ. އޭނަ ރޭގައި ޒައުލްގެ ގާތުގައި އަހާއަހާވެސް ޒަރާނާ އާއި ބެހޭގޮތުން އުފްވެސް ބުނެނުލިއެވެ. އޭގެ ބަދަލުގައި އޭނަގެ ހުރިހާ ރުޅިއެއް ބޭރުކޮއްލީ ޔޫހާއަށެވެ. ކިޔާންގެ ގާތުގައި އޮތް ޔޫހާއަށް ހޭލެވުނީ ދަރިފުޅު ތެދުވުމާއިއެކުއެވެ. އަވަސް އަވަހަށް ތެދުވެ ފޯނުވީ ހިސާބެއް ހޯދާލާފައި ގަޑިބަލާލިއެވެ. އޭރު އަށެއްޖަހައިފިއެވެ. ޔޫހާ ކިޔާންއަށް އަޅާލުމުގެ ބަދަލުގައި އިސްކަމެއްދެވުނީ ޒައުލްވީތަނެއް ހޯދާލުމަށެވެ. ކޮޓަރިން ނުފެނުމުން ފާހާނާ ބަލާލިއިރު އެތަނުގައިވެސް ޒައުލްއެއް ނެތެވެ. ޔޫހާ ކަންބޮޑުވިއެވެ. އަނެއްކާ އޭނަ ނުލާ ޒައުލް ސައިބޯން ދިޔައީބާއޭ ހިތަށް އަރާފައެވެ. އޭނައަށް ނުގޮވީ ކީއްވެބާއޭ ޔޫހާގެ ހިތަށް އަރަމުންދިޔައެވެ. އަތްމަތި އަވަސް ކޮއްލުމާއިއެކު ޔޫހާ ކިޔާން ފެންވަރުވާލާ ރީތިކޮއްލައިގެން އޭނަވެސް ފެންވާރާލައިގެން ސައިކޮޓަރިއަށް ދިޔައެވެ. އެތަނުގައި އޭރު ގެންގުޅޭ ކުއްޖާ ފިޔަވާ އެހެން އެކަކުވެސް ނެތެވެ. ޔޫހާ ފެނުމާއިއެކު އޭނަ ސައިހަދައިދިނުމަށް އަވަސްވެގަތެވެ. ޔޫހާ ކިޔާންއަށް ތައްޔާރު ކުރަންވީ އެއްޗެހި ކުރީބައިގައި ބުނެލިއެވެ. ކުއްލިއަކަށް ޔޫހާއަށް މާޔޫސްކަން ލިބިގެން ދިޔައެވެ. ކިޔާން ގާތު ބަސްއަހައިގެން އިނުމަށް ބުނަމުން ޔޫހާ ދުވެފައި ކަހަލަ ގޮތަކަށް ސިޑި ކައިރިއަށް އައެވެ. އަދި ހަމައެގޮތަށް ސިޑިން އަރައިގެން ގޮސް ޓެރެސްފެންނަ ހިސާބުގައި މަޑުކޮއްލިއެވެ. އެތަނުގައި ދިވެހި ނޫހެއް ހިފައިގެން މަންސޫރު އިންތަން ފެނުނެވެ. ޔޫހާގެ ހިތަށް ބުނެދޭން ނޭނގޭ ގޮތްތަކެއް ވެގެންދިޔައެވެ. ލިބުނު މާޔޫސްކަމާއިއެކު އޭނަ ދެރަވިއެވެ. ޒައުލް އަދިވެސް ރުޅިމަޑުނުވަނީކަން އެނގުނީމައެވެ. އެކަމަކު އެވަރަށް ރުޅިއަންނަން ޖެހޭވަރުގެ އެއްވެސް އެއްޗެއް ޔުހާ ނުބުނާކަމަށް އޭނަގެ އަމިއްލަ ޒަމީރުވެސް އެއްބަސްވެއެވެ.

ކުޑަދޮރުން ބޭރު ބަލަން ހުރި ޒައުލްގެ ހުޅުވާފައިހުރި ކެބިންގެ ބިއްލޫރި ދޮރުގައި ޓަކިޖަހާލުމާއިއެކު ޝާއިންވަނެވެ.

“ހާދަ ހެނދުނަކާ، އަނެއްކާ ހުރިހާ ކަމެއްވެސް ރަނގަޅުތަ” ޝާއިން އަހާލިއެވެ. ޒައުލް ވަކިއެއްޗެއް ނުބުނެ ބޮލުގެ އިޝާރާތުން އާނއެކޭ ބުނެ ހިނިތުންވެލިއެވެ. ޝާއިން ސައިބޯން ދިއުމަށް ދައުވަތު އެރުވުމުންވެސް ބަހަނާއެއް ދައްކަމުން ޒައުލް އެކަމާ އުޒުރުވެރިވިއެވެ. ޝާއިން ކެބިންއިން ނުކުތުމާއިއެކު ފުންނޭވާއެއް ބޭރުކޮއްލިއެވެ. އަދި ކުޑަދޮރުން ބޭރަށް ނަޒަރު ހުއްޓާލީ ކުރިންވެސް ހުރިގޮތަށެވެ. އޭނަގެ ސިކުނޑީގައި އުފެދެމުންދިޔައީ ލާއިގާ ދެއްކި ވާހަކަތަކެއް ނޫނެވެ. އޭގަ ބަދަލުގައި ކުއްލިއަކަށް ޔޫހާ ޒައުލްގެ މަންމައަށް ޝައުގުވެރިކަމެއް އުފެދުނު ގޮތެވެ. މީގެ ކުރިން ދުވަހަކުވެސް ޔޫހާ އޭނަގެ މަންމަ އާއި ބެހޭގޮތުން އަހާފައެއްނުވެއެވެ.

މެންދުރުގެ ވަގުތެވެ. ގެއަށް އައި މެހެމާނުންގެ ކަންތައްތައް ބެލެހެއްޓުމުގައި އަވަދިނެތި ލާއިގާ އުޅެއެވެ. އޭރު ޓެރެސްގައި ކުޅެން އުޅުނު ކިޔާން އެތަނުގައި އިން މަންސޫރާ ވާހަކަދައްކަން މަސައްކަތްކުރެއެވެ. އޭނައަށްވެސް ކިޔާންގެ ވާހަކައަށް އާނހޫން ލައްވާނުލާ އިންނާކަށް ނުކެރުނެވެ. ކިޔާން ޒައުލްގެ ރަނގަޅު ސިފަތަކުގެ ވާހަކަ މަންސޫރަށް ކިޔާދެއެވެ. ޒައުލް އޭނައަށް ކޮއްދޭ ކަންތައްތަކުގެ ވާހަކައެވެ. އަދި އޭނަ ޒައުލްދެކެ ލޯބިވާވަރެވެ. އެއްދުވަހަކު ޒައުލް އޭނައަށް ކިޔާދިން ވާހަކައެއްވެސް މަންސޫރަށް ކިޔާދިނެވެ.

“ތީ ކޮއްކޮގެ ކާފަތަ، ޑެޑީ ބުނި ތީ ކޮއްކޮގެ ކާފަޔޯ” ކިޔާން ނާހަން ހުރެފަ އެހިހެން ހީވެއެވެ. މަންސޫރަށް ދޭނެ ޖަވާބެއް ނޭނގިފައި އިނދެވުނީއެވެ. އޭނަ އަވަސް އަވަހަށް އެތަނުން ތެދުވެގެން ހިނގައްޖެއެވެ.

ކިޔާން ޓެރެސްގައި ނެތުމުން އޭނަ ހޯދަމުން ތިރިއަށް އައި ޔޫހާއަށް ލާއިގާ ގޮވާލިއެވެ. އެގެއަށް އައިފަހުން ލާއިގާ ގޮވާލި ފުރަތަމަ ފަހަރަށްވީތީ ޔޫހާ ލާއިގާގެ ގާތަށް ދިއުމަށް އަވަސްވެގަތެވެ.

“މިތަށިތައް އެފަރާތަށް ގެންދެބަލަ، އަދި މިމީހުންނަށް ދުފާއެއްޗެހި ގެނެސްދީ، ދުފާތަބަށް ސާފުކޮއްލާފަ އާބިލެތާ ފޯކާ އަޅައިލައިގެން ގެންނާނީ” ލާއިގާ ބުނެލިއެވެ. އެހެންނަމަވެސް ޔޫހާއަށް ހުއްޓުން އަރާފައި ހުރެވުނީއެވެ. އެތަނުގައި އެވަގުތު ތިބި މެހެމާނުންނަކީ ލާއިގާގެ ރައްޓެހިންކަން ޔޫހާއަށް އެނގުނީ އެމީހުންގެ ވާހަކަދެއްކުން ހުރިގޮތުންނެވެ. ލާއިގާ ރުންކުރުގޮތަކަށް ތަންކޮޅެއް ބާރަށް ދެވަނަ ފަހަރަށް އޭނަ ބުނިއެއްޗެއް ތަކުރާރުކޮއްލިއެވެ. ޔޫހާ ދެރަވެ ހިތްހަމަނުޖެހިފައިހުރެވެސް އެތަށިތައް ހިފައިގެން ބަދިގެ ފަރާތަށް ދިޔައެވެ.

“އެއީ މިގެއަށް އަލަށް ގެނެސްގެން އުޅޭ ކުއްޖެއްތަ، ކީއްވެތަ ދިވެހި ކުއްޖަކު ތިގެނައީ…ދެންފެންނާނީ މިގޭ ކުއްޖަކާ ހިތާވާތަން” ޔޫހާ ދުފާތަބަށް ބަހައްޓާފައި ދުރަށް ޖެހިލުމާއިއެކު ލާއިގާ އާއި އެންމެ ގާތަށް އިން ޝަކީލާ ބުނެލިއެވެ.

“ހިތާވާކަށްނެތެއްނު، އަހަރުމެންގެ މުޅި އާއިލާ ބަނގުރޫޓޫކޮއްލަން ހިތުލައިގެން ހުރި އަންހެނެއް އެއީ، މަގޭ ފިރިހެން ދަރި ކާލައިގެން އެހެރީ” ލާއިގާ ރުޅިވެރިކަމާއިއެކު ބުނެލިއެވެ. މިކަންވީ އެންމެނަށް ލިބުނު ކުއްލި ޝޮކަކަށެވެ. އެންމެން އެއްފަހަރާ ކަހަލަ ގޮތަކަށް އެޙަބަރު އޮޅުންފިލުވުމަށް ޝައުގުވެރިވެއްޖެއެވެ.

“މީ ޖެހިފައޮތް އާފާތެއް، މުސީބާތެއް…ނޮހޮރޮއްޕާނެއް…ބޮޑު ކާޅެއް، ހަރާން ދަރިއެއްވެސް ހުރޭ، މުޅި އުމުރު ދުވަހު އަރާމުގަ އުޅެވޭނީ އަހަރުމެން ކަހަލަ ބައެއްގެ ފިރިހެން ދަރިއަކު އަތުއަޅުވާލައިގެންނު، ކާޅެއްހެން ވިއްސިފަ، ބަލިވެ އިނދެ ދަރިވިހާފަ މިއަޅުވަނީ މަގޭ ޒައުލްގެ ބޮލުގަ، އަހަންނަކަށް ނޭގެ އެކުއްޖާޔަށްވެސް އެއޮތްއައި ބަދަލެއް ބުނެދޭންވެސް، ހަމަ ހުރެފަ ކުއްލިއަކަށް އެބަދަލުވީ، ހަސީނާ ކަލޭގެ ހުރި ފިރިހެން ސޮރަށް ބަލައިގެން އުޅޭތި، ކިރިޔާ ދުލެއް ދިންއިރަށް މިހިރީ މަށަށް ލިބުނު ލަނޑު، އަހަންނަށް ހީވަނީ މަގޭ ސޮރު ދޮވެލައިގެން ހެން މީނަ ދާނީ، މިގޭ ގެންގުޅޭ މީހުންނަށްވުރެ މީނަގެ ފެންވަރު ދަށޭ، އެކަމަކު ހިތްއަރާ އޮންނަނީ އާސުމާނުގަ، އެއަށްވުރެވެސް މަތީގަ ކަންނޭގެ” ލާއިގާ އޭނަގެ ދުލަށް އައިހައި އެއްޗެއް ޔޫހާއަށް ކިޔެވެ.

“އަހަންނަށް ހީވަނީ އޭނަ މޮޅު ސިހުރެއް ޖެއްސީހެން ޒައުލްއަށް” ލާއިގާގެ ވާހަކަތަކަށް ސަމާލުވެއިން ނަޖީބާ ބުނެލިއެވެ.

“ތިއެއްވެސް ނޭނގެ، މިމީހުންގެ މަކަރެއް ނޭނގޭނެ، އެކަހަލަ މީހެއްކައިރިޔަށްވެސް ދާންވީ ކަންނޭގެ” ލާއިގާ ބުނެލިއެވެ.

ޔޫހާ އަވަސް އަވަހަށް އެތަނުގައި ނުހުރެ ކިޔާން ހޯދުމަށް އުޅުނެވެ. އޭނަގެ ހިތަށް އެރިއެވެ. ލާއިގާ އެފަދަ ގޮތަކަށް ވާހަކަދައްކާއިރު އޭނަގެ ރައްޓިހެންގެ ތެރޭގައި އެވެއްޓެނީ ހުދު އޭނަގެ ފިރިހެންދަރީގެވެސް އަގުކަމެވެ.

ޒައުލް އިންވޮއިސްތަކެއް ބަލަމުން ދަނިކޮށް ކުއްލިއަކަށް މީހަކު އައިސް އޭނަގެ ކެބިންނަށް ވަންކަން އެނގި އިސްއުފުލާ ބަލާލިއެވެ. އެއާއިއެކު އޭނަ އިށީނދެގެން އިން ގޮނޑި ކުއްލިއަކަށް ފަހަތަށް ދެމިގެންދިޔުމާއިއެކު ޒައުލް ހުރީ ކޮޅަށެވެ.

“ކަލޭ މިތަނަށްވެއްދީ ކާކު” އަތުގައި ސޮއެކުރަން ގެންގުޅޭ ގަލަމާއިއެކު ދެލޯބޮޑުކޮއްލައިގެން ހުރެ ޒައުލް ބާރަށް ބުންޏެވެ. ހިތްހަމަ ނުޖެހި ރުޅިއައިސްފައި ހުރެއެވެ.

“ޒައުލް، މިއަދު ޖެހޭނީ އަހަރެން ދައްކާ ވާހަކަ އަޑުއަހަން، ކިތަންމެ ބާރަށް ހަޅޭލެވިޔަސް އަހަރެން މިތަނަކުން ނުދާނަން…” ޒައުލްގެ އޮފީހުގެ ދޮރު ލައްޕާލުމާއިއެކު ޒަރާނާ ބުންޏެވެ. އޭރު އެއޮފީހުގެ ބޭރުގައި އެހެންސްޓާފުން ބަލަން ތިބިކަންވެސް ޒައުލްއަށް ފާހަގަކުރެވުނެވެ. އޭނަގެ ފަހަތުގައި ހުރި ގޮނޑި ފޮޅުވާލުމާއިއެކު މޭޒުމައްޗަށް ގަލަން އެއްލާލުމާއިއެކު އެއައިގޮތަށް އައިސް އޮފީހުގެ ވަށައިގެން ދަމާލެވޭގޮތަށް ހުރި ބްލައިންޑްސްތައް ދަމާ އެތެރެނުފެންނަގޮތަށް ހެދިއެވެ.

“އަހަންނާ ދައްކާނެ ވާހަކައެއް ނޯންނާނެ” ޒައުލް ހަރުކަށި ކަމާއިއެކު ބުނެލިއެވެ.

“ނޫން ދަރިފުޅާ…” ޒަރާނާ މިހެން ބުނުމާއިއެކު ހީވީ ތަނެއްގައި އަލިފާން ރޯވިހެންނެވެ.

“ދަރިފުޅާއޭ، ކާކަށް ދަރިފުޅާއޭ ތިކިޔަނީ، އަހަންނަށް ދަރިފުޅާއޭ ކިޔާނީ ހަމައެކަނި މަންސޫރު، މަންސޫރު އެނގެއެންނު” ޒައުލް ގެ އަޑާއިއެކު ޒަރާނާވެސް ސިހޭގޮތްވިއެވެ.

“ދަރިފުޅާ…” އަނެއްކާވެސް ޒަރާނާއަށް ބުނެވުނެވެ.

“ބަލަ އެހެން ނުކިޔާށޭ، އެހެންކިޔުމުގެ ހައްގެއް އެހެންމީހަކަށް ނެތޭ، ހަމައެކަނި އަހަރެންގެ ބައްޕަ މަންސޫރު ފިޔަވާ” ޒައުލް ރުޅިއައިސް ރަތްވެފައި ހުރި ހާލުގައި ބުނެލިއެވެ.

“މައްސަލައެއްނެތް، އެހެންވީރު ޒައުލް، ޒައުލް ކިތަންމެ ރުޅިއަޔަސް މި ޒަރާނާގެ ނަން ޖަހާފަ އޮތީ އުފަންދުވަހުގެ ސެޓްފިކެޓްގަ، ކޮންމެ ކަމެއް ކުރިޔަސް މައިމީހާ އޮޅުވައެއް ނުލެވޭނެ، މި ޒަރާނާއަކީ ޒައުލްގެ މަންމަ، އަދި ލޫލުއާ އާއި އީލާކުގެވެސް މަންމަ، އެނގޭ ޒައުލް މިމަންމަދެކެ ރުޅިއަންނަނީ ކީއްވެކަންވެސް، އެހެންވެ ނޭހީވެސް ކީއްވެތޯ އެހާ ރުޅިއަންނަނީ، އެކަމަކު އެދުވަހު އެނޫންގޮތެއް ނެތޭ މިމަންމައަކަށް، އޭރު އެއްވެސް ކުއްޖަކަށް ނުވިސްނޭނެ މިމަންމަ ހުރި ހާލެއް، އެދުވަސްވެސް އެދިޔައީ، ކޮންމެހެން މަންމަ މިއައީ މަންމަގެ ހައްގުތަކެއް ހޯދާކަށްނޫން، އަދި ޒައުލްގެ އަތުން އެއްޗެއް ލިބޭނެ ކަމަކަށްވެސް ނޫން، މިއައީ ޒައުލްއަށް ރަނގަޅު ނަސޭޙަތެއްދޭންވެގެން، ޔޫހާ އާއި ތިދެކުދިންގެ ގުޅުން ހީނަރުވެގެން ދާކަށް މިމަންމަ ނޭދެން، ޔޫހާއަކީ ރަނގަޅުކުއްޖެއް، އެކަކު ގަބޫލު ނުކުރިޔަސް ކިޔާންއަކީ ތިޔަދެކުދިންގެ ދަރިއެއްކަން މަންމަ ގަބޫލުކުރަން، އެހާ ޔަގީންކަން މަންމައަށް އެބައޮތް، ޒައުލްގެ މާމަގެ ބަހެއް ނަމަނަމަ ގަބޫލުނުކުރާތި، އޭނަ ތިޔަދެކުދިންގެ ދިރިއުޅުމުގައި ހުޅުޖަހާނެ، ކުރިލާ ފޯދުނަކަ ނުދޭނެ، އެހެނޭ ކިޔާފަ ޒައުލްގެ ބައްޕައަށް ނުކުރެވޭނެ އެއްކަމެއްވެސް، މަންސޫރަކީ އޭރުވެސް ލާއިގާގެ ބަހަށް މާއިތުބާރު ކުރާ މީހެއް، އާދޭސްކުރަން، ޔޫހާ އާއި ކިޔާން ރައްކާތެރިކުރާތި، ލާއިގާއަކީ ޒައުލްއަށް ނޭގުނަސް ވަރަށް ނުބައި މީހެއް” ޒަރާނާ ދައްކަމުންދިޔަ ވާހަކަ ޒައުލް ހުއްޓުވާލިއެވެ.

“ކައިވެންޏަށްފަހު އަހަރެންގެ އަންބެއްކަމަކު ހިލޭ ފިރިހެނުންނާ ގުޅުން ބާއްވައިގެން ނުވާނެ، އެކަން ކަލެއަށް އެނގުނީ ކިހިނެއް…އެހެންނޫނަސް ހުރިހާ އަންހެނުންނަކީ އެއްކަހަލަ ބައެއް، ދަރިންނާމެދު އެހާ ވިސްނާނަމަ އެދަރިން ދޫކޮއްލާފަ ދާނެތަ” ޒައުލްގެ ހިތުގައި ޔޫހާ އާއިމެދު ނަފުރަތުކަމެއް ނެތްކަމުގައި ވިޔަސް އެކަންވެސް ޒަރާނާ އާއި ގުޅުވާލިއެވެ.

“ޒައުލް، ތިހެން ނުބުނޭ، އެއްފަހަރުވެސް ހަގީގަތް އެނގެން މަސައްކަތްކުރިންތަ، ޒައުލްމެން ކުދިން ދޫކޮއްލާފަ މިމަންމަ ދިޔައީ ކީއްވެކަން ޒައުލްގެ މާމަ ގާތު އަހާބަލަ، ޒައުލްގެ މަންމަ އާއި ބައްޕަ ދުރުކުރުވި މީހަކީ އެއީ، އޭނަގެ ކައިރިން އަހާބަލަ” ޒަރާނާ ޒައުލްގެ ކުރިމައްޗަށް ހުއްޓެމުންބުނެލިއެވެ.

“މިއަދުތަ އެނގުނީ ކުށެއްނެތްކަން އަންގަން، މިއޮއްހުރިހާ ދުވަހު ކޮންތާކު އުޅުނީ، އަހަންނާ ޔޫހާގެ ދިރިއުޅުމަކީ އަހަރުމެން ދެމީހުންގެ އަމިއްލަ ކަމެއް، އެކަމާ އެކަކުވެސް ބެހޭކަށް އަހަރެން ބޭނުމެއްނޫން، އަދި އަހަންނަށް ކަމުނުދަންޏާ އޭނަ ދޫކޮއްލުމަކީވެސް އަހަރެންގެ އިޙުތިޔާރުގައި ވާކަމެއް” ޒައުލް ބޭނުންވީ ޒަރާނާ ބޭނުންވާގޮތަށް ކަންތައް ނުކުރާނަންކަން ހާމަކުރާށެވެ. އޭނަ ޔޫހާދެކެ ލޯބިވާވަރު ސިއްރުކޮއްފައެވެ.

“ތިހާ ދަށުދަރަޖައަށް އަހަރެންގެ ދަރިއަކުވެއްޓިދާނެއެކޭ ހީވެސް ނުކުރަން، ބޭނުން ފުދުނީމަ ދޫއްކޮއްލަންތަ ޒައުލް ޔޫހާ އާއި ކައިވެނި ކުރީ” ޒަރާނާއަށް ރުޅި ކޮންޓްރޯލެއް ނުވިއެވެ. ޒައުލްގެ މޫނުގައި ހޫނުކަމާއިއެކު ބޮޑިއެއް އަޅައިފިއެވެ.

“ނުކުމޭ…އެހެރީ ވަންދޮރު” ޒައުލް ފަހަތަށް ޖެހިލަމުން ބާރަށް ހަޅޭލަވައިގަތެވެ.

“ލާއިގާއަށް ޒައުލްގެ ހުރިހާ ސުވާލަކަށް ޖަވާބުދެވޭނެ، ޒައުލްގެ މަންމަ ޒައުލް ދޫކޮއްލާފަ ދިޔައީ ކީއްވެކަން އޭނައަށް އެނގޭނެ، އެއީ ކޮންމެހެން ޒައުލްގެ ބައްޕަދެކެ ލޯބިނުވާތީއެއްނޫން، ނޫނީ އެހެންމީހެއްދެކެ ލޯބިވެގެންނެއްވެސް ނޫން، ހުރިހާ ރޭވުމެއްގެ ފަހަތުގައި ހުރީ އޭނަ…ޒައުލް ބަލަބަލަ ހުއްޓާ ޔޫހާވެސް ތިގޭން ނެރިލާނެ، އެކަމަކު އެދުވަހު އަހަރެން ހުންނާނީ ތިގޭ ދޮރުމަތީގަ، އަހަރެންގެ މާމަ ދަރިފުޅާ އަހަރެންގެ ޅީދަރިފުޅު އަހަރެން ގެންދާނަން، އެދުވަހު ޒައުލްއަށްވެސް ނުހުއްޓުވޭނެ، ޔޫހާ އެދުވަހު އޭނަގެ ގެއިން ވާހަކަދެއްކީ އައްޔަދު އާއި، ޒައުލްގެ އެއްބަނޑުކޮއްކޮ އާއި، ބަލަ އޭނައަކީ ތިހާ ދަށުދަރަޖައިގެ ޒުވާނެއްނޫން، އޭނަ އާއި ޔޫހާ އާއި ދެމެދު ކަމެއް ނުހިނގާނެކަމަށް އަހަރެން ހުވާކުރަންވެސް ފަހެއްނުޖެހޭނަން، ޔޫހާފަދަ ބައިވެރިއަކު ހަޔާތުން ގެއްލިގެން ދިއުމުން ފަހުން ޒައުލް ހިތާމަ ކުރާނެ، މިއަދު ޒައުލްގެ ބައްޕަ ފަދައިން…” ޒަރާނާ ހަލުވިކަމާއިއެކު ޒައުލްގެ ކެބިންއިން ނުކުމެގެން ހިނގައްޖެއެވެ. ޒައުލް އޭނަގެ ކެބިންގައި ހުރި ސޯފާ މައްޗަށް އުއްޑުން ވެއްޓިގަތެވެ. އަދި ކޮލުގައި ފިރުމާލުމާއިއެކު ޒަރާނާ ދެއްކި ވާހަކަތަކަށް ވިސްނަންފެށިއެވެ.

އެމީލީހިޔާ ގޭގެ ގޭޓުން ވަދެގެން އައިސް މައިގެއަށް ވަންނަން އުޅުނު ޒައުލްގެ ކަންފަތުގައި ބައެއްގެ އަޑުޖެހުނެވެ. އަދި އެމީހުން ދައްކަމުންދިޔަ ވާހަކައިގެ ތެރެއިން އިސްކޮށް ހުރީ ކާކުކަންވެސް އެމީހެއްގެ އަޑުން ޒައުލްއަށް އެނގުނެވެ. ޒައުލްގެ މޫޑު ކުރިއަށްވުރެ ވެސް ގޯސްވިއެވެ. ލާއިގާ ހީނހީނފައި އެދައްކަނީ އޭނަގެ އަންހެނުންގެ ވާހަކަކަން ނޭނގެނީބާއޭ ޒައުލްގެ ހިތަށްއެރިއެވެ. ހިތައް އަސަރު ވެސް ކުރިއެވެ. އެެހެންމީހުންގެ ކުރިމަތީގައި އޭނާގެ އަނބިމީހާ އެހާ ދައްކޮއްލަފާނެއެކޭ ޒައުލް ހީނުކުރެއެވެ. އެވާހަކަ އެދައްކަނީ އޭނަދެކެ އެންމެ ލޯބިވާ މާމަ ބާއޭ ޒައުލްގެ ހިތަށް އެރިއެވެ. ދޮރުން އެތެރެއަށް ވަންއިރު ޔޫހާ އެމީހުންނަށް ކޮފީ ތަބަކެއް ހިފައިގެން ހުރެ ފަހަރަކު މީހަކަށް ކޮފީދެމުން ދިޔަ ތަން ފެނުމާއިއެކު އޭނައަށް ހީވީ ބޯމައްޗަށް ހިލަގަނޑެއްވެއްޓުނުހެންނެވެ. ލޯކުރިމަތީ މުޅި މާޙައުލު އެނބުރިގަތް ފަދައެވެ.

“ޔޫހާ، ހަމަމިހާރު އާދޭ….ތިކަން ކުރަން މިގޭގަ ނޯކަރުން ތިބޭނެ” އައި ރުޅި އާއި ވީދެރައިން ޒައުލްއަށް ހަޅޭލަވައިގަނެވުނެވެ. ގޭގެ ހަތަރުފާރު ވެސް ގުޑައިގެންދިޔަކަހަލައެވެ. ޔޫހާއަށް ވެސް ލިބުނީ ސިހުމެކެވެ. ޒައުލް ހަލުވިކަމާއިއެކު އެއައިގޮތަށް އައިސް ޔޫހާގެ އަތުގައި އޮތް ކޮފީތަބަކުގައި ޖަހާވައްޓާލުމަށްފަހު ޔޫހާ ގޮވައިގެން ކޮޓަރިއަށް ދިޔައެވެ. އޭރު ކޮޓަރީގައި މީގެ ކުޑައިރުކޮޅެއްކުރިން ޔޫހާ ކިޔާން ބޭންދިތަނުގައި ޒައުލްގެ ލެޕްޓޮޕުން ކާޓޫނު ބަލަން އޭނައިނެވެ. ޒައުލް އައިސްފަ ހުރި ގަދަ ރުޅީގައި ދެކޮޅަށް އެނބުރެނީއެވެ. އެންމެ ފަހުން ޔޫހާގޮސް ޒައުލްގެ ގައިގާ ބައްދާލިއެވެ.

“އައިއޭމް ސޮރީ” ޔޫހާ މަޑުމަޑުން ބުނެލިއެވެ.

“މިގޭގަ ތިބޭނެ އެކަން ކުރާނެ ނޯކަރުން، ޔޫހާ އެކަން ކުރަންވީ ކީއްކުރަން” ޒައުލް ހިތްހަމަނުޖެހިފައި ބުނެލިއެވެ. ނަމަވެސް މިހާރު އޭނަގެ އަޑުން އޭނައެހެރީ ދެރަވެފައިކަން އެނގެއެވެ.

“މާމަ ފުރަތަމަ ފަހަރަށް އަަހަރެން ގާތު ކަމަކު ބުނީމަ ހިތަށްއެރީ ކޮއްދޭނިއްޔޭ، އެހެންނޫނަސް ޒައުލް އަހަރެންދެކެ ރުޅިއައިސްފައެއްނު ތިހުންނަނީ، ކީއްވެ އަހަންނަށް ނުގޮވާ އޮފީހަށް ދިޔައީ، މެންދުރު ކާން ވެސް ނާދޭ، އަހަރެން ކިހާ އެކަނިވާނެކަން ޒައުލަށް ނޭނގޭތަ” ޔޫހާ ޒައުލްގެ މޭގައި މޫނުފޮރުވާލިއެވެ.

“އަހަންނަށް މަޢާފުކުރޭ، މިހާރު މިހުރީ ރުޅިއައިސްފައެއްނޫން” ޒައުލް ޔޫހާގެ ގައިގާ ހިފައި ބައްދާލަމުން ބާރުކޮއްލިއެެވެ.

ރޭގަނޑުގެ ކެއުން ޒައުލް ހަމަޖެއްސީ ގޭން ބޭރުންނެވެ. ކައިނިންމާފަ ގެއަށް އައިތަނާހެން ކިޔާން ނިދައިފިއެވެ. ޒައުލްގެ ރުޅިވެރިކަން ފިލާގޮަސް އަނބިމީހާ އާއިއެކު އުފާވެރި ވަގުތުކޮޅެއް ހޭދަވެގެންދިޔައެވެ. އެދެމެދުގައިވި ލޯބި އިތުރުވެގެންދިޔަ ވަގުތުކޮޅެއްކަމުގައި އެވަގުތުކޮޅުވެގެންދިޔައެވެ. ވަރުބަލި ކަމާއިއެކު ނިދިފައިފައި އޮތް ޔޫހާއަށް ހޭލެވުނީ ކިހާއިރަކު ކަމެއްވެސް ނޭނގެއެވެ. ނަމަވެސް އޭރު އަދި އިރުނާރާކާން އޭނައަށް އެނގެއެވެ. އެދެލޮލުން ނިދިފިލުވާލީ މޭގައި އަތްހާކާލަ ހާކާލާ އޮތް ޒައުލް ފެނުމުންނެވެ. އޭނަގެ ދެލޮލުގައި ނިދީގެ އެއްވެސް އަސަރެއްނުވެއެވެ.

“ކޮންފިކުރެއްގަ” ޒައުލްގެ އަތްމަތިން ބޯހިއްލާލަމުން ޔޫހާ އަހާލިއެވެ.

“ޔޫހާ އެހީމެންނު އަހަރެންގެ މަންމަ ކޮބާހޭ، އެނގޭތަ…އަހަރެންގެ މަންމަ މަރެއްނުވޭ، ހެޔޮހާލުގަ މިމާލޭގަ އެބައުޅޭ، އެހެންމީހަކާ އިނދެގެން އުޅެނީ، ކުއްޖަކުވެސް ހުންނަކަމަށްވަނީ، އަހަރެން ވަރަށް ކުޑައިރު މަންމަ އަހަރުމެން ދޫކޮއްލާފަ ދިޔައީ، އޭރު މަންމަ ވަރަށް ރަނގަޅުވާނެ، އެކަމަކު ކުއްލިއަކަށް ވީގޮތެއްނޭނގެ، މާމަ ކިޔާއަޑުއިވެނީ މަންމަ އުޅުނީ ބައްޕަގެ ލާރިގަނޑަށްކަމަށް، ބައްޕަ ނޫން އެހެން ފިރިހެނުންނާ ގުޅުން ހިންގާ ކަމަށް، މިއަދު…މިއަދު އަހަރެން އޮފީހުގައި އިންދަ މަންމަ އައީ، އެނގޭތަ އެދުނީ ކޮންކަމަކަށްކަން، ޔޫހާ ދޫކޮއްނުލުމަށް އަދި މާމައަށް އިތުބާރުނުކުރުމަށް، ހަގީގަތް އެނގެން ބޭނުންނަމަ މާމަ އާއި ސުވާލުކުރުމަށް، މަންމައަށް މަޖުބޫރުވެގެންކަމަށް އަހަރުމެން ކުދިން ދޫކޮއްލީ، ދެންނޭނގެ، ޔޫހާ، އަހަރެން ކާކުގެ ބަހެއްތަ ގަބޫލު ކުރަންވީ…” ޒައުލް ޔޫހާ އާއި ދިމާލަށް އެނބުރިލިއެވެ.

“އަހަރެން ވާހަކައެއް ކިޔާދީފިއްޔާ ގަބޫލުކުރާނަންތަ” ޔޫހާ އަހާލިއެވެ.

“ހޫމް، އަހަރެން ޔޫހާއަށް އިތުބާރުކުރަން، ޔޫހާ ދައްކާ ވާހަކަ އަހަރެން ގަބޫލު ކުރާނަން” ޒައުލް ޔޫހާގެ މޫނުމައްޗަށް ވެއްޓިފައިއޮތް އިސްތަށިކޮޅު ފަހަތަށް ޖައްސާލަމުން ބުނެލިއެވެ. އެއާއިއެކު ޔޫހާ އައްޔަދު އާއި ދިމާވި ގޮތާއި އަދި އެގެއަށް ގޮސް ޒަރާނާ އާއި ބައްދަލުވީގޮތް ކިޔާދީފިއެވެ. ޒައުލްއަށް ގަބޫލުކުރެވުނީ ޔޫހާގެ ދުލުން އެވާހަކަތައް އަޑުއިވުނީމައެވެ. އަނެއްކޮޅުން އޭނާ ގެއަށް އައިއިރު އެފެނުނު މަންޒަރުތަކުންނެވެ. ލާއިގާގެ ޢަމަލުތައް އެހިސާބަށް ހިނގައިދާނެކަން މިހާރު އޭނައަށް ގަބޫލުކުރެވެއެވެ.

މުޅިން އާދުވަހަކަށް އިރު ފެނުންމައްޗަށް ތޮޅިލައިފިއެވެ. ރޭހަތަރުދަމު ޒައުލް ނުނިދާ ހުއްޓެއްކަމަކު އޭނަގެ މޫނުމަތިން އެކަމުގެ އެއްވެސް އަސަރެއް ފާޅެއްނުވެއެވެ. ޔޫހާ އާއި ދެމީހުން ފެންވަރާ ތާޒާވެލައިގެން ކިޔާން ގޮވައިގެން ދިޔައީ ބޭރަށެވެ. ހެނދުނުގެ ނާސްތާކުރުމަށް ކާމޭޒުދޮށުގައި އިން މަންސޫރުގެ ލޯ ޒައުލްގެ ދެމަފިރިންނާއި އެމީހުންގެ ދަރިފުޅު އިންނަ ގޮނޑިއަށް ނަޒަރު ހިންގާލިއެވެ.

“ކޮބާތަ ޒަައުލް، އިއްޔެވެސް ނުފެނޭ، މިއަދުވެސް ސައިބޯން ނާންނަނީތަ” މަންސޫރު މިހެން ބުނެލީ ވަކިމީހަކަށް އަމާޒުކޮއްފައެއްނޫނެވެ. އެހެންނަމަވެސް އެކަމަށް އެއްޗެއް ބުނަން އަވަސްވެގަތީ ލާއިގާއެވެ.

“އޭނައަށް އެއޮތީ އަންބެއްވިއްޔަ ލިބިފަ، ދެން އޭނަގެ ފޫބުޑުން ނެއްޓިގެންނު އެހެންކަމެއްވާނީ” ލާއިގާ ބުނެލިއެވެ.

“ދޮންބެ އަޅުގަނޑު ފޯނަށް މެސެޖުކޮއްފަބުނި ވަރަށް ޚާއްޞަބަޔަކު މެންދުރު މިގެއަށް އަންނާނެއޯ، އެހެންވެ މެންދުރުގެ ކެއުން ތައްޔާރުކުރާއިރު ދެތިންމީހުންނަށް އިތުރަށް ވާގޮތަށް ތައްޔާރުކުރައްޗޭ، ބުނީ މާމަގާތު އެހެން ބުނެދިނުމަށް” އީލާކް މަޑުމަޑުން އިނދެލާފައި ބުނެލިއެވެ.

“އަނެއްކާ އެއަންހެންމީހާގެ ބައެއް ގެންނަނީތަ” ލާއިގާ ފޫހިގޮތަކަށް ބުނެލިއެވެ.

“މަންމާ، ވެދާނެއެންނު އޮފީސް ބަޔަކަށްވެސް، އެހެންނޫނަސް ޒައުލް އާއި ޔޫހާ އުޅެނީ އެއްކަލަ ކަންތަކުގަ މައްސަލަޖެހިގެން، އެހެންވެ އޭނަގެ މީހަކު މިގެއަށް އަންނާނެ ހެން ހިޔެއްނުވޭ” މަންސޫރު ބުނެލިއެވެ.

އާދައިގެ މަތިން ލާއިގާގެ ވަގުތުތައް ހޭދަވަމުންގޮސް މެންދުރުގެ ކެއުމުގެ ވަގުތުޖެހުނެވެ. އޭނަ މަޑުކޮއްގެން އިނީ މަންސޫރުގެ އެދުމުގެ މަތިން ޒައުލް އެގެއަށް ގެންނަ މެހެމާނުންނާއިއެކު ކާން އެރުމަށެވެ. ސިޓިން ރޫމު ސޯފާގައި ލާއިގާ އާއިއެކު މަންސޫރުވެސް އިނެވެ. ގަޑިން އެއްގަޑި ބައިވަނީއެވެ. އެއްކެއްޖަހާ އިރު މެންދުރުކެއުން ކައިނިމޭގޭގައި މިއަދު ކެވޭލެއް ލަސްވެއްޖެއެވެ.

ދޮރުން ވަދެގެން އައި ޒައުލް އާއި އޭނަ އާއިއެކު ތިބިމީހުން ފެނި ލާއިގާއަށް ތެދުވެވުނުގޮތްވެސް ނޭނގެއެވެ. އެތަންފެނުނު މަންސޫރު ތެދުވެ އަވަހަށް ދޮރާދިމާލަށް އެނބުރިލިއެވެ. އޭނައަށްވެސް ލިބުނީ ސިހުމެކެވެ.

“ޒައުލް…މިގެއަށް އޭނަ ވެއްދީ ކީއްކުރަން” ލާއިގާ ބާރަށް ބުނެލިއެވެ.

“މާމާ، މީ އަޅުގަނޑުގެ މަންމައެއްނޫންތަ، އަޅުގަނޑުމެން ހުރިހާ ކުދިންގެ މަންމަ، މިއަދު މާމަ ޖެހޭނީ މިހުރިހާ ކަމަކާ ކުރިމަތިލާން، ބައްޕައަށް ހުރިހާ ހަގީގަތެއް ކިޔާދޭން” ޒައުލް ކުރިއަށް ނުކުމެ ބުނެލިއެވެ. އޭނަ އާއިއެކު އެތަނުގައި ހުރި ލޫލުއާވެސް ކުރިއަށް ނުކުތެވެ.

“ބައްޕާ، އަޅުގަނޑު ކުޑައެއްކަމަކު އެދުވަހުވެސް އެނގުނު މަންމަގެ ކުށެއްނެތްކަން، މަންމަ އަހަރުމެން ކުދިންދެކެ ވަރަށް ލޯބިވާކަން، އަޅުގަނޑުވެސް ވަރަށް ލޯބިވޭ މަންމަދެކެ، މާމާ، ޒައުލް ކޮއްކޮ ބުނިހެން މިއަދު ހުރިހާކަމެއް އެނގިގެން ދާނެ، އަޅުގަނޑުމެން މާމަދެކެ ލޯބިވީ މަންމައަކު ފަދައިން، ކޮބާ އީކް، އޭނައަށްވެސް މިކަން އެނގެން ޖެހޭނެ” ލޫލުއާ ބުނެލިއެވެ.

މަންސޫރަށް ބަލަހައްޓައިގެން ހުރެވުނީ ޒަރާނާ އާއި ދިމާލަށެވެ. އަދިވެސް ހާދަރީއްޗޭ އޭނަގެ ހިތަށްއެރިއެވެ. އެދިގު އިސްތަށިގަނޑުން ޖަހާލާފައިހުންނަ ބޮޑު ހުޅި މަންސޫރަށް ކުޑަކޮށް ފެނުމާއިއެކު ހީވީ އެތަކެއް އަހަރުތަކެއް ކުރީގެ ކަޅާހުދުގެ މަންޒަރުތަކެއްގައި ކުލަޖެހިގެން އައިހެންނެވެ. ނަމަވެސް އެހިތް ކަތިލެވެމުންދާފަދަ އިޙްސާސްއެއް ކުރެވެމުންދިޔައެވެ. އާފާގު ޒަރާނާގެ ގާތުގައި އޭނަގެ ގައިގާ ހިފަހައްޓާލައިގެން ހުރިތަން ފެނުމުން ރުޅިއަންނަގޮތްވެސް ވިއެވެ. ޒައުލް ޒަރާނާ އެގެއަށް އެގެނައީ ކީއްވެބާއޭ އުފެދުނު ސުވާލުގެ ޖަވާބު ދިނުމަށް އޭނަގެ ދަރިން އެދެމުން ދަނީ އޭނަގެ މަންމަ ލާއިގާގެ ގާތުންނެވެ. އެކަމަކު އެއީ ކީއްވެހެއްޔެވެ. ހަލުވިކަމާއިއެކު ސިޑިން އަރައިގެން ދިޔަ ލޫލުއާ ކޮޓަރީގައި އާފަލެއްކާން އޮތް އީލާކް ގޮވައިގެން އައެވެ. އަދި އޭނައަށް ޒަރާނާ ދައްކާލުމަށްފަހު މިއައީ މަންމަ ގޮވައިގެން ކަމުގައި ބުންޏެވެ. އީލާކްއަށްވެސް ލިބުނީ ހައިރާންކަމެވެ.

“ކޮންވާހަކައެއްތަ….ކޮންވާހަކައެއްތަ….” ލާއިގާގެ މޫނުމަތިން ހާސްކަން ފެންނަމުންދިޔައެވެ. ލޫލުއާ ޒަރާނާ ގޮވައިގެން އައިސް ސިޓިން ރޫމުގެ ސޯފާއެއްގައި ބޭންދިޔައެވެ. އަދި އާފާގު އާއި އައްޔަދުއަށް އިށީނުމަށް ބުންޏެވެ. އެމީހުންނާއިއެކު ހާޒިމް އާއި ޒައުލްގެ ދެމަފިރިންވެސް އިށީނދެއްޖެއެވެ. އީލާކް އައިސް ލާއިގާގެ ކަނާތްފަރާތުން ގޮނޑީގެ އަތްގަނޑުބައިގައި ކުޑަކުޑަކޮށް އިށީނެވެ. ލާއިގާގެ ހުރިހާކަމެއް ބޭޒާރުވެގެންދިޔައީ ދެނެވެ. މަންސޫރުގެ އަނގަހުޅުވި ލާއިގާއަށް އޭނަގެ ނަޒަރު ހުއްޓިގެންދިޔައެވެ. ޒައުލް އޭނަގެ ޖީބުންނެގި ހުސްޗެކުވެސް ލާއިގާގެ އަތަށް ލާދެމުން އެއީ އޭނަ ކީއްކުރަން ޔޫހާއަށް ދިން ޗެކެއްކަންވެސް ކިޔާދިނެވެ. ލޫލުއާ އާއި ޒައުލް އެތަށް އެތަށް ވާހަކައެއް ދެއްކިއިރު ލާއިގާއަށް ބުނާނެ އެއްޗެއް ނޭނގުނެވެ. އެންމެ ކުޑަމިނުން މިއަދު އޭނައަށް އެއީ ދޮގެކޭވެސް ނުބުނެވުނެވެ. އަދި ޒަރާނާ އާއި ޔޫހާގެ ނިކަމެތިކަމަށް ޗުޕުވެސް ނުބުނެވުނެވެ.

“މަންމާ، އަޅުގަނޑު މަންމަ ބުނި ހުރިހާ ކަމެއްކުރިން، އަދިވެސް….އަދިވެސް މިއުޅެނީ މަންމަ އެދުނުހާ ކަމެއް ކުރަމުން، އަޅުގަނޑުގެ މުޅި ހަޔާތް ބޭކާރުވެގެން މިދިޔައީ، ދަރިފުޅުމެން ތިބުނީ ރަނގަޅަށް، މާމަގެ އެދުމުގެ މަތިން ބައްޕަ ކޯޓަށްގޮސްގެން ދަރިފުޅުމެން އަތުލީ، އަދި ތިކުދިންނާ ބައްދަލުނުވެވޭގޮތްވެސް ހެދިން….” މަންސޫރަށް އިސްޖާލެވިއްޖެއެވެ.

“މަންސޫރު، އަދިވެސް އެންމެ ގާތް އެކުވެރިޔާ އެބަހުރި” އާފާގުގެ އަޑުއިވިގެންދިޔައެވެ. މަންސޫރު އިސްއުފުލާލުމާއިއެކު އާފާގަށް ބަލާލިއެވެ.

“އަޅުގަނޑަށް މާފުކުރޭ، އަޅުގަނޑަށް އެކުވެރިކަމުގެ އަގުވެސް ވަޒަން ނުކުރެވުނު، އެދުވަހު އާފާގު އަޅުގަނޑަށް ނަސޭހަތްތެރިވި ޒަރާނާއަކީ އަޅުގަނޑުގެ މަންމަ ބުނާފަދަ އަންހެނެއްނޫންކަން” ލަދުވެތިކަމާއިއެކު މަންސޫރު ތެދުވެގެން އައިސް އާފާގުގެ ކުރިމައްޗަށް ހުއްޓި ސަލާމަށް އަތްދިއްކޮއްލިއެވެ. އާފާގު ވަގުތުން ތެދުވެ ހިނިތުންވެލަމުން މަންސޫރުގެ އަތުގައި ހިފާ ސަލާމް ކޮއްލަމުން ކޮނޑުގައި ޖަހާލިއެވެ.

“އެދުވަސް އެދިޔައީ، ދެން އެކަމާ އަޅާނުލާ، މިކުދިން ބޭނުންވާ ގޮތް މާމުހިއްމު” އާފާގު ބުނެލިއެވެ.

“މަންމާ…” ރޮވިފައި އިން އީލާކް ގޮވާލިއަޑުއިވުނެވެ. ޒަރާނާގެ ދެލޯވެސްވަނީ ފެންކަޅިވެފައެވެ. ހުރިހާ ކުދިން އެއްތަނަކުން ފެނިދާނެކަމަށް އުއްމީދެއްނުކުރެއެވެ. ޒަރާނާއަށް އީލާކްއަށް ބަލާލުމާއިއެކު ސިފަވެގެންދިޔައީ އޭނަގެ އަތުގެތެރޭގައި އޮތް ތުއްތު ތުއްތު އީލާކެވެ. އިޙްތިޔާރަކާއި ނުލާ ދެއަތްހުޅުވާލެވުނެވެ. ލާއިގާގެ ގާތުގައި އިން އީލާކް އައިސް ޒަރާނެގެ ކުރިމައްޗަށް ވެއްޓި ޒަރާނާގެ އުނގުގައި ބޯއަޅައި ރޯންފެށިއެވެ.

“އަޅުގަނޑު މަންމަ ކޮބާތޯ މާމަ ގާތުގައި ސުވާލުކުރިން، އެކަކުވެސް މަންމަ ގެންނާކަށް ބޭނުމެއްނުވޭ، އަޅުގަނޑުވެސް މަންމަދެކެ ލޯބިވަން، އެކަމަކު މިގޭގަ އެކަކުވެސް މަންމަގެ ވާހަކައެއް ނުދައްކާ، އެހެންވެ އަޅުގަނޑެއްވެސް ނުދައްކަން، މަންމާ، އަޅުގަނޑު ގެންދާނަންތަ، މަންމަ އާއިއެކު އުޅެން އަޅުގަނޑު ބޭނުން، ޕްލީޒް” އީލާކް ރޮމުން ރޮމުން ބުނެލިއެވެ. ޒަރާނާ އީލާކްގެ މޫނުގައި ދެއަތުން ހިފާ އުފުލާލަމުން އެދެލޯ ފޮހެލަދީފައި އަވަސް އަވަހަށް ބޯޖަހާލީ އާނއެކޭ ބުނުމަށެވެ.

ލާއިގާއަށް ކަންތައް ކުރާނެ ގޮތެއް ކުދިން ދޫކޮއްލީ މަންސޫރަށެވެ. އެހެންނަމަވެސް ލާއިގާގެ މައްޗަށް އޮތް ހުރިހާ ކުދިންގެ އިތުބާރު ގެއްލިއްޖެއެވެ. ކުރި ގަދަރު ކުޑަވެއްޖެއެވެ. އެއްވެސް ކަމެއް ތާއަބަދަށް ދެމިގެނެއްނުވެއެވެ. މިދުނިޔަ ތަފާތު ކަންތައްތަކާއި ތަފާތު ކުލަތަށް އެކިމީހުންނަށް ދައްކުވައިދެއެވެ. ކުށްވެރިންނަށް އެމީހުންގެ ކުށުގެ އިޙްސާސް ކޮއްދެނީވެސް އެކި ބީދައިންނެވެ. ލާއިގާއަށް ވިސްނުނީކަންނޭގެއެވެ. އިސްޖަހާލި ގޮތަށް އިސްއުފުލާވެސް ނުލިއެވެ. އާފާގު އައްޔަދުގެ ބުރަކަށީގައި އަތްޖައްސާލުމާއިއެކު އެހެންކުދިންނާއިއެކު ކާކޮޓަރިއަށް ދިޔައީ އެއީ އެތަށް އަހަރަށްކަށްފަހު މަންސޫރު އާއި ޒަރާނާގެ ކުށެއްނެތްކަން ލާއިގާ ސާބިތުކޮއްދޭންވީ ވަގުތުކޮޅުކަން އެނގޭތީވެ އެކަމަށް ފުރުޞަތުދެމުންނެެވެ.

“މަންމާ، އަޅުގަނޑު ދުވަހަކުވެސް މަންމަ ނިކަމެތި ކޮށެއްނުލާނަން، ތީ އަޅުގަނޑުގެ ހުރި ހަމައެކަނި މަންމައަކީ، އެއްވެސް މަޔަކު ދަރިއަކަށް ދެރައެއްނޭދޭނެކަން އެނގޭ، އެކަމަކު މަންމަ އަޅުގަނޑަށް އެއްފަހަރުވެސް އިތުބާރު ކުރެއްވިނަމަ، ޒަރާއަކީ ނިކަމެއްޗަކަށްވިޔަސް އިންސާނިއްޔަތުގެ ނަޒަރަކުން ބަލާލިނަމަ…މިއަދު އަޅުގަނޑު މަންމަގެ ކިބައިން އެދެނީ އެންމެ ކަމަކަށް، އެއީ ޒަރާގެ ކިބައިން މާފަށް އެދެނެ” މަންސޫރުގެ ޖުމްލަ ނުނިމެނިސް ޒަރާނާ ވާހަކަދައްކަންފެށިއެވެ.

“ނޫން، ނޫން….އަޅުގަނޑު ބޭނުންވަނީ މަންމައަށް ހެޔޮވިސްނުން ލިބެން، ޔޫހާ އާއި ޒައުލްއަކީ އެންމެ އެކަށޭނެ ދެކުދިން، އެކުދިންނަށް ކުށެއްކުރެވުނު، އެކަމަކު އެކުދިންގެ ވިސްނުން ވަރަށް ރަނގަޅު، އެއީ ޒިންމާއެއް ކަމުގައި ދެކެ ދެމީހުންވެސް އެކަމުގައި ބައިވެރިވެ ދަރިފުޅާމެދު ވިސްނީތީވެ، އަޅުގަނޑުމެންނަށްވެސް އެދުވަހު ދަރިންނާމެދު ވިސްނުނުނަމަ، އަޅުގަނޑުގެ ހިތްސާފު، މަންމަ މާފަށް ނޭދުނަސް އެންމެ ރަނގަޅު” ޒާރާނާ ބުނެލިއެވެ.

“އަހަންނަށް މާފުކުރޭ…” ލާއިގާ މަންސޫރާއި ޒަރާނާއަށް ބުނެލިއެވެ. އޭނަގެ އަމިއްލަ އެދުމާއި ދުނިޔެވީ އުފާތައް ގެއްލިދާނެތީ އުޅެވުނު ގޮތާއިމެދު ލަދުގަނެ ދެރަވާކަމުގައި ބުންޏެވެ. ކުދިން ބޮޑެތިވިއެއްކަމަކު އެކުދިންނަށް ޒަރާނާފަދަ މަޔަކު ބޭނުންވާކަން މިއަދު ލާއިގާއަށް އެނގިއްޖެއްކަމުގައި ބުންޏެވެ.

އެމީލީހިޔާއަށް ބަހާރު މޫސުމް އައިސްގެން އުޅޭކަހަލައެވެ. އެކަކަކުވެސް އަނެކަކުގެ ފަރަގަށްބަލާ ތަފާތު ކުރާތަނެއް ނުފެނެއެވެ. އޭގެ ބަދަލުގައި ފެންނަމުންދަނީ އެއްބައިވަންތަކަމާއި އެކުވެރިކަމުގެ މާހައުލެކެވެ. އާއިލީ ލޯތްބެވެ. ކެނޑިގެންދިޔަ ގުޅުން ތަކާއި އަލުން ގުޅިގެންދިޔަ ގުޅުންތަކެވެ. ހީ ސަމާސާ ކުރާ އަޑުތަކެވެ.

ފާރުގައި ހުރި ބޮޑު ފޮޓޯއަށް ބަލަހައްޓައިގެން މަންސޫރާއި ޒަރާނާހުއްޓެވެ. ދެމީހުންކުރެ އެކަކުވެސް ބަހެއްނުބެނެއެވެ. އެކަމަކު ބަދަލުކޮއްލާ ކޮންމެ ބަލާލުމަކާއިއެކު އެތަށްވާހަކައެއް ދެކެވޭފަދައެވެ. ކަންފަތަށް އަޑުނީވޭ ބަސްމޮށުންތެރިކަމަކުންނެވެ. އެހެންނަމަވެސް ދެހިތަށް އެއްވެސް ހުރަހެއްނެތި ވާޞިލްވާކަން ގައިމެވެ.

“އެހާ ލޯބިވޭތަ” ޒަރާނާ ބަލާލިވަގުތު މަންސޫރުގެ ހިތަށް އަޑުއިވުނުކަހަލައެވެ. ލުއިލުއި ހިނިތުންވުމަކާއިއެކު މަންސޫރު އިސްޖަހާލަމުން ބޯޖަހާލީ އެންމެ ފުރަތަމަ ޒަރާނާއަށް ލޯބި ހުށަހެށިދުވަސް ފަދައިންނެވެ.

“މި ފޮޓޯ ހެއްކަކަށް ނުފުދޭތަ، އަދިވެސް އޭތި އެހުރި ޒަރާ ދިޔަދުވަހުވެސް ހުރިތަނުގަ، އަހަރެން ޒަރާދެކެ ވާލޯބީގެ ރަމްޒެއްގެ ގޮތުގައި….” މަންސޫރު އިސްއުފުލާލާފައި ޒަރާނާއަށް ބަލާލިއެވެ. އޭނަ ބުނިއެއްޗެއްގެ އަޑުނީވުނަސް މިފަހަރުވެސް ޒަރާނާގެ ހިތަށް މަންސޫރު ބުނިއެއްޗެއް ދޭހަވިއެވެ. ޒަރާނާގެ ލޮލުން ވެއްޓުނު ކަރުނަ ތިކި ފޮހެލަމުން ކުދިންގެ ގާތަށް ދިއުމަށް ހިނގައިގަތެވެ.

“ޒަރާ…” ހަގީގަތުގަވެސް މަންސޫރުގެ އަޑުއިވުނީ ބާއޭ ޒަރާނާގެ ހިތަށްއެރިއެވެ. ފަސްއެނބުރި ބަލާލެވުނީ އެހެންވެއެވެ.

“ޒަރާ، އަހަންނަށް މާފުކުރާނަންތަ” މަންސޫރު ޒަރާނާ އާއި ވާހަކަދެއްކިއެވެ.

“ހޫމް، މާފުކޮއްފިން، އަހަންނަކީ އޭރުވެސް ބޭވަފާތެރިއެއްނޫން، އަދި މިހާރުވެސް އަހަރެން ބޭވަފާތެރިއެއްނުވާނަން….” ޒަރާނާ މިހެން ބުނެ ހިނިތުންވެލާފައި ކުރިއަށް ހިނގައިގަތެވެ.

“ދުވަހަކުވެސް ނުފިލާނެ ތި ހަނދާން…” މަންސޫރު ބުނެލިއެވެ. އެވަގުތު ޒަރާނާ ހީނލިއަޑުއިވުނެވެ. އަދި އެނބުރިލާފައި ބޯޖަހާލަމުން ބުނެލިއެވެ.

“ނުފިލާނެ ތިހަނދާން….”


( ނިމުނީ )

Leave a Comment

Your email address will not be published. Required fields are marked *