ފާރުގައި ހުރި ގަޑިއަށް އިރުއިރުކޮޅާ މިޝަލް ބަލާލައެވެ. އެކެއް ޖަހާނެ އިރަކަށެވެ. ފުރާން އައިސް އުޅޭ ފަތުރުވެރީން މިޝަލްގެ ކައިރީގައި އެނބުރިއެނބުރިފައި އުޅެއެވެ. އެކަމަށް މާބޮޑު ސަމާލުކަމެއް އޭނާ ނުދެއެވެ. މިއީ ރޭގަނޑުގެ ޑިއުޓީ އަދާކުރަން ޖެހިއްޖަނަމަ މިޝަލްގެ ހާލެވެ. އެ ވަގުތު ޑިއުޓީގައި ހުރި ޝިފްޓް އިންޗާރޖް ގޮވާލިއަޑަށް މިޝަލް ކަންބޮޑުވެފައި ހުރެ ބަލާލިއެވެ. އެހިނދު އޭނާ ލޮލުގެ އިޝާރާތުން މިޝަލްއަށް އަންގާލީ ގާތުގައި އުޅޭ ފަތުރުވެރީންނަށް އެޚީތެރިވުމަށެވެ. އެއާއިއެކު މިޝަލް ބޯޖަހާލުމަށްފަހު އެންމެ ކައިރީގައި ސެންޓުފުޅިތަށް އަތުރާފައި ހުރި ހަރުގަނޑުގެ ކައިރިއަށް ޖެހިލިއެވެ.
ބޯރޑިންއަށް ގޮވާލުމާ އެކީހެން ފުރާން އައިސް ތިބި މީހުން މަދުވެ ޑިއުޓީފްރީ ސަރަޙައްދު އެއްކޮށްހެން ހަމަހީމޭން ވެއްޖެއެވެ. އޭރު މިޝަލްގެ އިންތިޒާރު ވެސް ނިމުމަކަށް އަތުވެއްޖެއެވެ. މިޝަލް ދަބަސް ނަގާ ކޮޑުގައި އަޅުވާލުމަށްފަހު އަލައިނާ ކޮބާތޯ ހޯދާލިއެވެ. އަލައިނާ އަކީ މިޝަލް ވަޒީފާއަށް ވަނީއްސުރެން އެންމެ އެއްކޮށް އުޅޭ އެންމެ ގާތް ރަޙްމަތެރިޔާ އެވެ. އެނާއަކީ ވަރަށް ސަކަ މިޒާޖެއްގެ ހިތްހެޔޮ ކުއްޖެކެވެ. އަލައިނާ ފެނުމުން މިޝަލްގެ އަވަސް ވެފައިވާ ހިތަށް ކޮންމެވެސް ވަރެއްގެ ހިތަހަމަ ޖެހުމެއް ލިބިގެން ދިޔައެވެ.
“ލީން” މިޝަލް ތަންކޮޅެއް ދުރުގައި މަޖާ އަނގަތަޅަން ހުރި އަލައިނާއަށް ގޮވާލިއެވެ. އަލައިނާއަށް މިޝަލްގެ ގާތަށް އައުމަށް އަތުން އިޝާރާތް ކޮށްލުމަށްފަހު އޭނާ ހިނގައިގަތެވެ. އެއާއެކު ދެން ފެނުނީ ކުޑަކޮށް ދުވެލައިފައި އަލައިނާ އައިސް މިޝަލްއާ އަރާ ހަމަކުރިތަނެވެ.
“ލީން، އަހަންނާއިއެކު ފަޚާނާ އަށް ވަދެލާފަ ދޯ ތިރިއަށްދާނީ” މިޝަލް އަލައިނާގެ އަތަށް ދަމާލަމުން ބުނެލިއެވެ. ފާޚާނާ އަށް ގޮސް ވަންއިރު އެތާކު އެކަކު ވެސް ނެތެވެ. އެހެންނަމަވެސް ފަހަރަކު ފާޚާނާއެއް މިޝަލް ބަލަމުން އައިސް އެންމެ ކަނުގައި ހުރި ފާޚާނާއަށް ވަނެވެ. އޭރު އަލައިނާ ފާޚާނާގައި ހުރި ބޮޑު ލޯގަނޑު ކުރިމަތީ ފަރިބަލާލަ ބަލާލަ ހުއްޓެވެ. ޔޫނީފޯމާ އެއްގޮތްވާގޮތުގެ މަތީން ބޮލުގައި ޖަހާލާފައިވާ ބޮޑުހުޅި ހުރީ ރީތިކޮށްތާއާއި މޫނުމަތީގެ މޭކަޕް ރަނގަޅުތޯ ބަލަމުން އަލައިނާ ދިޔައެވެ. ތުންފަތުގައި ޖައްސާފައި ހުރި ލިޕްސްޓިކުގެ ކުލަ ފަނޑުވެފައިވުމުން އަތްދަބަހުން ނެގި “ވެލްވެޓް” ލިފްސްޓިކުން ތުންފަތް ފަވާލިއެވެ.
“އޭތް ޝެބީ، އަވަސް ކުރައްޗޭ، މިގަޑީގަ ނޯންނާނެ ބަހެއް ވެސް، މިތަނުން ސެކިއުރިޓީ ކުދިންގެ ޖިޕެއް ސެޓުކޮށްގެން މިއުޅެނީ، ކަޓައިފިއްޔާ އެއީ މިޝަލްގެ ކަމެއް، މަށައް މާދަން ކޮފީ ދޭންވާނީ ޝެބީގެ ޚަރަދުގަ” އަލައިނާ ހެމުން ހެމުން ބުންޏެވެ.
“އަހަރެންނަށް ވުރެ ބޮޑަށް އެ އަށް އަރަން ބޭނުންވާނެ އެހެން މީހަކު ވަކި ހުންނާނެ ހެނެއް ހިޔެއްނުވޭ، ލީން ފުލެޓުގައި އުޅޭތީ އެ ސަރަޙައްދުގައި ކޮންމެސް ވަރަކަށް މީހުން އުޅޭތަން ފެންނާނެ، އެކަމަކު އަހަރެން ދާން ޖެހޭނީ ވަރަށް ދުރަށް، މިހާރު ހިތައް އަރާ ހުޅުމާލެއިން ބިންކޮޅެއް މަންމައަށް ނުލިބުނުނަމައޭ، މަންމަވެއްޖެ ވިއްޔާ މާ ހިތްފަސޭހަ ވާނެޔޭ ކިޔާފަ ހުޅުމާލެއިން ބިން ގަންނަން…” މިޝަލް ފަޚާނާއިން ނުކުންނަމުން އަލައިނާއަށް ޝަކުވާ ތަކެއްހެން އަމުނާލިއެވެ. އަދި ލޯގަނޑު ކައިރިއަށް ހުއްޓިލާފައި ލޮލުގެ ރަވައިގައި އަޅާފައި ހުރި އަނދުންތައް ޓިޝޫއަކުން ރީތިކޮށްލުމަށްފަހު ދަބަހުން ނެގި “ޕެރިސް ހިލްޓަން” ސެންޓުފުޅި ޖަހާލިއެވެ. އެ ސެންޓުފުޅި ފެނުމާއެކު އަލައިނާ ބަލާކަށް ނުހުރެ އަތުލައިފިއެވެ.
“ޝެބީ ކޮންއިރަކު ގަތް ސެންޓުފުޅިއެއް، މި ފުޅިން ހާދަ މީރުވަހެއް ދުވަޔޭ ދޯ، ވަރަށް ސްވީޓް ވަހެއްދޯ ހުންނަނީ” އަލައިނާ އޭނާގެ ގައިގެ އެތަންމިތަނަށް ސެންޓުތައް ބުރުވާލަމުން ބުންޏެވެ.
“މީ މިދިޔަ މަންތުގަ އޯޑަރ ކުރި ސެންޓުފުޅިއެއް، ލީން ކައިރީގަ އޮންނާނީ ބުނެފަ… ލީންއަށް ނޭނގި އެއްވެސް އެއްޗެއް ގެނެވޭތަ…” ގަޔަށް ބުރުވާލާފައި އަލައިނާ ދިއްކޮށްލި ސެންޓުފުޅި މިޝަލް ދަބަހަށްލަމުން އަވަސް އަވަހަށް ފާޚާނާއިން ނުކުންނަން ހިގައިގަތެވެ.
މިޝަލް އާއި އަލައިނާ ޑިޕާރޗަރ ތެރެއިން ނުކުމެގެން އައިސް އެ ތަނުގައި ފެންނަން ހުރި ސެކުރިޓީ ޕޯސްޓް ކައިރީ މަޑުކޮށްލިއެވެ. އަލައިނާ އަތުގައިވާ މޯބައިލް ފޯނުން އޭނަ ފޯންކޯލެއް ކޮށްލިތާ ދިހަރަވަރަކަށް މިނެޓުތެރޭ ޖިޕެއް އައިސް އެ ދެ މީހުންގެ ކުރިމައްޗަށް ވާކަހަލަ ގޮތަކަށް މަޑުކޮށްލިއެވެ. އަދި އަލައިނާއާއި މިޝަލް އެ ޖިޕަށް އެރުމާއެކީ ހުޅުމާލެއަށް ދިއުމަށްޓަކާ ފުލް ސްޕީޑްގައި ދުއްވާލައިފިއެވެ.
ޖިޕު އައިސް މަޑުކުރީ ހުޅުމާލެއިން ހުޅުލެއަށް ދާން އޮންނަ މަގަށެވެ. އެއީ ވަގުތުގެ ގޮތުންނެވެ. ހުޅުމާލޭގައި ރޭގަނޑު ބާރައިގެފަހުން އެއްވެސް ބަހެއް ދަތުރެއް ނުކުރެއެވެ. މިގޮތަށް ކޮންމެވެސް ވެހިކަލެއް ހޯދައިގެން ނޫނީ ރޭގަނޑު ޑިއުޓީ ނިންމާފައި މިޝަލްމެންނަކަށް ނާދެވޭނެއެވެ. އެހެންނޫނީ ޖެހޭނީ މާލެ ގޮއްސަ ހުޅުމާލޭގެ ފެރިއެއްގައި އަންނާށެވެ. ނޫނީ ހުޅުލޭގައި ފަތިސްވަންދެން މަޑުކުރާށެވެ.
މިޝަލް އާއި އަލައިނާ ޖިޕުން ފޭބުމަށްފަހު ގަޑިން ވީއިރެއް ބަލާލިއެވެ. އޭރު ދޭއްޖަހާކަށް މާގިނައިރެއް ނެތެވެ.
“ލީން، ހިނގާ ޓެކްސީއެއް ލިބޭތޯ ބަލަމާ” މިޝަލް އެކަނި ގެއަށް ދާން ޖެހޭތީ ޖެހިލުންވާވަރުން އޭނާ ބުނެލިއެވެ.
“މިގަޑީގައި ލިބޭނެތަ ޓެކްސީއެއް، ލިބޭތޯ ދެން ޓްރައީ ކުރާނީ ދޯ” އަލައިނާ އުންމީދު ކުޑަ ގޮތަކަށް ބުނެލި އެވެ. އެތާތިބެގެން ފޯނުގައި ސޭވްކޮށްފައި ހުރި ހުރިހާ ޓެކްސީ ނަންބަރު ތަކަކަށް ގުޅުނުއިރުވެސް އެއް ނަންބަރުންވެސް ފޯނެއް ނުނެގިއެވެ.
“ޝެބީ، މިހެން ތިބެންޏާ ހައްތަހާ ލަސްވާނީ، ޝެބީގެ މަންމަ އަށް ގުޅާފަ ބުނަންވީނު އަބޭ ފޮނުވާށޭ” އަލައިނާ ޚިޔާލެއްދިނެވެ. އަބޭ އަކީ މިޝަލްމެންގޭގައި ގެންގުޅޭ ބަންގަލަދޭޝް މީހެކެވެ.
“އަބޭ އައުމަށްވުރެން އަހަރެން އެކަނިދާންވެސް މާ ރަނގަޅު، ހިނގާ ހިނގައި ގަންނަމާ، މަންމަ އޮންނާނީ މިހާރު ނިދާފައި، އެހެންނޫނަސް މަންމަ ކައިރީ ބުނިން ކުރިން ނިމޭނެޔޭވެސް، ހިޔެއް ނުކުރަން މިހާއިރު ވާނެކަމަކަށް” މިޝަލް ހިނގައިގަންނަމުން ބުންޏެވެ.
މިޝަލް އާއި އަލައިނާ ހިނގަމުން ދިޔައީ އަވަސް ފިޔަޅުތަކެއްގައެވެ. ބޮޑުމަގުގައި ދިއްލާފަ ހުރި ސޯލާ ލައިޓްތަކުން މަގަށް މާ ބޮޑު އަލިތަކެއް ނުވެއެވެ. ކޮންމެ ދެ ލައިޓު ދޭތެރޭގައި އަނދިރި ގަނޑެއް އޮވެއެވެ. މަގުމަތިން ދީރޭ އެއްޗެއް ގޮވާލާ އަޑު ކީއްކުރަން ފަތެއް ތެޅިލާ އަޑުވެސް ނީވެ އެވެ. އެކަމަކު އެހެން ރޭ ރެއަށްވުރެ ތަންކޮޅެއް އަލިކަން ފާހަގަކުރެވުނީވެސް މަތީގައި އޮރެންޖުކުލައިގައި ބޮޑުވެފައި ހުރި ހަނދު ފެނިފަ އެވެ. މިޝަލް ހަނދަށް ބަލާލުމަށްފަހު ހިނިތުންވެލިއެވެ.
“ޝެބީ ބިރުގަންނަނީ ކީއްވެތަ، ޖިންނި އަކާ ދިމާވެދާނެތީތަ؟” އަލައިނާ މިޝަލްގެ ތުންފަތަށް ވެރިވި ހިނިތުންވުން ފެނިފަ އަހާލިއެވެ.
“ނޫން ލީން، މިހާރު މިއުޅޭ މީހުންދެކެ ބިރު ގަންނަނީ، ގޮތެއް ނުބަލާލާ އައިސް މީހާ ކޮށާލާކަށްވެސް ފަހެއްނުޖެހޭ ވިޔައް، ނުވިތާކަށް އިއްފަތްތެރިކަން ނާގާލާފަ މިތަނުން ގަސްތަކު ތެރެއަށް އެއްލާލައިފިއްޔާ، ދެނޯ، …ލީން، ބަލާލަބަލަ އެހެރަ ހަނދު، އަޅެ ރީއްޗެއް ނޫންތަ، އަހަންނަށް ވަރަށް ހިތްގައިމު ހަނދު އެގޮތަށް ހުންނައިރު، ނޭނގެ ކީއްވެ ކަމެއް، ހިތަށް އަބަދުވެސް އުފާވެރިކަން ގެނެސްދޭ…..” މިޝަލް ކުރިއަށްވުރެ ބޮޑަށް ހިނިތުންވެލަމުން ބުނެލިއެވެ.
“އާނ! މަށަށްވެސް ރީތި، ޝެބީ އަބަދު ފެންޓަސީ ވާހަކަ ކިޔާތީ، ޚިޔާލުވެސް، ފީލިންގުވެސް ތިހުންނަނީ އެ ވާހަކަތަކުގައި ލިޔުންތެރިޔާ ގެނެސްދީފައި ހުންނަ ގޮތަށް” އަލައިނާ މަޖާކޮށްލުމުގެ ގަސްދުގައި މިޝަލްގެ ކޮނޑުގައި އަތްޖައްސާ މަޑުމަޑުން ކޮއްޕާލިއެވެ. މިޝަލްވެސް ހިނިގަޑަކުން އެކަން ނިންމާލީއެވެ. ހިނގަމުން އައިސް މިޝަލް އާއި އަލައިނާ ވަކިވާ ހިސާބަށް އާދެވުމާއި އެކީ އަލައިނާ ހުއްޓިއްޖެ އެވެ. އަދި މިޝަލް އަށް ބާއްޖަވެރި ރެއަކަށް އެދެމުން އަލައިނާ އޭނާ އުޅޭ ޕުލެޓު ހުންނަ މަގަށް އެޅިއެވެ.
މިޝަލް ކުރިއަށްވުރެ ބާރު ދެފަޔަށްލުމަށްފަހު ހިނގައިގަތީ އަވަހަށް ގެއާއި ހަމައަށް ދިއުމަށެވެ. “ދެން ފަނަރަވަރަކަށް މިނެޓްތެރޭ ދެވިދާނެ” މިޝަލް ފޯނުން ގަޑިބަލާލުމަށްފަހު ހިތަށް އެރި އެވެ. ވަށައިގެން ވަނީ ބޯ ގަސްތަކެވެ. ދުވާރު ހަދާފައި އޮތަސް އެތަނުން ދާމީހާވެސް ގަސްތަކާހުރެ ނުފެންނާނެވެ. މަގުގެ އެއް ފަރާތުގެ ގަސްތަކުގެ ބިއްދޮށުގައި ކުދި ކުދި ފަރުބަދަތަކެއްހެން ޖަހާފައި ހުރި އުސް ވެލިފުނިތައް ހަނދުގެ އަލިންވަނީ އަލިވެފައެވެ. މިޝަލް އެދިމާލަށް ބަލާލުމަށްފަހު އަނެއްކާވެސް އަތުގައި އޮތް ފޯނުން ގަޑީން ވީއިރެއް ބަލާލިއެވެ. އަދި ކުރިއަށް އަޅަން ނަގާފައި ހުރި ފިޔަވަޅާއި އެކީ ކުއްލިއަކަށް ސިއްސައިގެންގޮސް މުޅިމީހާ ފަހަތަށް ޖެހިއްޖެ އެވެ. ކުރިމަތީގައި އޮތް އެތި ފެނިފައެވެ. ކުރިން މިޝަލް އަށް އެ ގޮފިކޮޅު ނުފެނުނީތީއެވެ. މިޝަލް ސިއްސައިގެން ދިޔަވަރުން މަގުގެ އަނެއްފަރާތަށް ދާން ހިގައިގަތެވެ. މިޝަލް ވަރަށް ހައިރާންވިއެވެ. މަގުގެ އަނެއްފަރާތައް އެރިއިރު އެތާވެސް އަނެއްކާ ގޮފިކޮޅެއް އޮތެވެ. ދެންވެސް މިޝަލް އަނެއްކާ މަގުގައި ހުރިކޮޅުނޫން އަނެއްފަރާތަށް ދިއުމަށް ހިގައިގަތެވެ. މިފަހަރުވެސް ވީ ހަމަ އެއްގޮތެކެވެ. ގޮފިކޮޅު މަތިން ހުރަސް ކުރުން ނޫނީ އޭތީ ދުރައްލުން ނޫން ގޮތެއް ދެންނެތެވެ.
“މީދެން ކިހާވަރުގަދަވެއްޖެ ކަމެއް، މީދެންކޮން ކަމެއްތަ” މިޝަލްގެ ހިތަށްއެރިއެވެ. އަދި ގުދުވެފައި ބިސްމިން ކިޔުމަށްފަހު އެ ގޮފިކޮޅު ނަގައި އެއްފަރާތުގައި ބާއްވާލައިފިއެވެ. އަދި ކުރިއަށް ހިނގައިގަތެވެ. ކުރިއަށް ތިންފިޔަވަޅު އެޅުނުތަނާހެން އެއްކަލަ އުސް ވެލިގަނޑުތަކާއި ދިމާ ގަސްތަކުތެރެއިން އެ ވިދާލި އަލިން ހީވީ ލޯ އަނދިރިވި ހެންނެވެ. އެ އަލިކަމުގެ ތެރެއިން މިޝަލް އަށް ދެފިޔަފަތްގަޑުފަދަ އެއްޗެއް ސިފަވިހެންވެސް ހީވިއެވެ. އެކަމަކު އެއްޗެއް ސާފުވާވަރަށްވުރެން މާ އަލިގަދައެވެ. ތިރީގައި ވާ ތާރުގަނޑުމައްޗައް އިސްތައްޓެއްވެއްޓުނަސް އެނގޭހާ އަލިވެގެން ދިޔައެވެ. ނަމަވެސް އެސްފިޔަޖަހާލާހާ އިރުކޮޅެއްގެ ތެރޭ އެ އަލިކަން ކެނޑިއްޖެއެވެ.
“އަހަންނަށް އެ ފެނުނީ އަސްލުވެސް ފިޔަގަނޑެއްތަ، ނޫން އެހެނެއް ނުވާނެ، ވިއްސާރަވާން ކަންނޭގެ އެއުޅެނީ، އެވާނީ ވިދާލީ ކަމަށް، އެވަގުތު ގަހެއްގެ ފަތްތަކުގެ ހިޔަނި އެޅުމުން އަހަންނަށް ހީވިގޮތަކަށް އެ ވާނީ” މިޝަލް ހިތައް ވަރަށްގިނަ އެއްޗެހި އެއްފަހަރާ އެރިއެވެ. އޭރު ގެވެސް ކައިރީގައި ފެންނަން ހުއްޓެވެ. މިޝަލް އަށް ހިނގުމުގެ ބަދަލުގައި ދުއްވައި ގަނެވުނުވެ. އަވަހަށް ގެއަށްވަންނާށެވެ. “އަހަރެން މިދުވަނީ ކީއްވެ، އަހަރެން ބިރެއް ނުގަނޭ، ގެ މިހިރީ ފެންނަ ހިސާބުގައި، ކުރިން ވީހާއިރެއް ގައިމުވެސް ދެނެއް ނުވާނެ” މިޝަލް ދުވަމުން ދިޔައިރު ހިތަށް އަރަމުން ދިޔައެވެ.
ގޭތެރޭގައިވަނީ ފަނޑު އަލިކަމެކެވެ. މިޝަލް އައިސް އޭނާގެ މަންމަ، ހަފްސާގެ ކޮޓަރި ހުޅުވާލިއެވެ. އޭރު ހަފްސާ އޮތީ ގަދަ ނިދީގައެވެ. އެހެންވެ އެ ކޮޓަރީގެ ދޮރު ލައްޕާލުމަށްފަހު މިޝަލް ހިނގައިގަތީ އޭނާގެ ކޮޓަރިއަށް ވަނުމަށެވެ.
މިޝަލް އޭނާގެ ކޮޓަރިއަށް ވަދެ ދަބަހާއި ފޯނު އެނދު މައްޗައް އެއްލާލިއެވެ. ބޭއިޚްތިޔާރުގައި މޫނުގައި ދެއަތް އަޅާލެވުމާއެކު ދެފަރާތައް މިޝަލް ބޯ ހޫރުވާލިއެވެ.
“މިރޭ މީ ކޮންކަހަލަ ރެއެއްތަ…….” މިޝަލް އަށް މަޑުމަޑުން ބުނެލުވުނެވެ.
ފާޚާނާގެ ބޮކި ދިއްލާލުމަށްފަހު މިޝަލް ފާޚާނާ އަށް ވަނީ އަތްފައި ދޮވެލާށެވެ. އަދި ފާޚާނާއިން ނުކުމެ ޔުނީފޯރމް ބަދަލު ކޮށްލި އެވެ. އެއަށްފަހު މިޝަލް އެނދު މަތީ އޮތް އަތްދަބަސް ނަގާ ހެދުން އަޅުވާ ހަރުގަނޑުގައި އަޅުވާލިއެވެ. ފޯނު ހިފައިގެން އެނދުގައި އޮށޯވެލީ ވެފަހުރި ވަރުބަލީގެ ސަބަބުންނެވެ. ބަނޑުހައިވެސް ވެއެވެ. އެކަމަކު ވަގުތެގެ ގޮތުން ކައިފިނަމަ ފަލަ ވުމަށް ފުރުޞަތު ދެވިދާނޭތީވެ އޭނާ ކާކަށް ބޭނުމެއްނުވިއެވެ. ހަމަ އެއާއިއެކީ ކޮޓަރިތެރޭގެ ހަމަހިމޭންކަންވެސް މިޝަލްއަކަށް ކަމަކު ނުދިޔައެވެ. އެނދުކައިރީ ހުރިކުޑަ ކަބަޑުމަތީއޮތް ރިމޯޓު ނަގާ ޓީވީ ހުޅުވާލިއެވެ. ފަހަރަކު ޗެނެލަކަށް ފިއްތާލަ ފިއްތާލާ އޮތެވެ. މިޝަލް ކައިރިއަށް ނިންޖެއް ވެސް ނައެވެ. އިތުރުކަމެއް ކުރާހިތެއް ވެސް ނުވިއެވެ.
މިކަހަލަ ސަކަރާތެއްގައި އުޅެނިކޮށް ފަތިސް ނަމާދުގެ ބަންގީގެ އަޑުއިވިގެން ދިޔައެވެ. މިޝަލް އެނދުން ތެދުވެ އަވަސްވެގަތީ ނަމާދަށް އެރުމަށެވެ. އޭރުން މިޝަލްގެ ހިތަށާއި ސިކުނޑިއަށް ހަމަޖެހުމެއްލިބޭނޭކަން އެނގޭތީއެވެ. މިޝަލް ނަމާދަށް ކޮޓަރީގައި ހުއްޓާ ކޮޓަރީގެ ދޮރު ހުޅުވުނުހެން ހީވިއެވެ. އެހެންވެ ނަމާދުކޮށް އަވަދިވުމާއިއެކު މިޝަލް ކޮޓަރިން ނުކުމެ މަންމަގެ ކޮޓަރި ބަލާލިއެވެ. އޭރު ހަފްސާ އޮތީ ކުރީން ވެސް އޮތްގޮތަށް ގަދަ ނިދީގައެވެ. މަންމަ އަށް ގޮވާލަން މިޝަލް ހިތަށް އެރިއެވެ. ނަމަވެސް ލިބޭނީ އެއް ޖަވާބެއްކަން އޭނގޭތީ އަޅާނުލާ އަނެއްކާ ވެސް މިޝަލް ވަނީ އޭނާގެ ކޮޓަރިއަށެވެ. މިޝަލް އާދައިގެ މަތިން ގޭގައި ފަތިސް ނަމާދުކުރާނަމަ ޤުރުޢާން ކިޔާވާލާފަ ނޫނީ ނިދަން ނޯށޮންނާނެއެވެ. އެއީ ދެން ނިދަން އޮށޯތުމުން އެލިބޭ ހިތްހަމަޖެހުމާ އިހްސާސްވާ ރައްކާތެރި ކަމެއްގެ ސަބަބުންނެވެ.
ނިދިފައި އޮތް މިޝަލް ސިއްސައިގެން ދިޔައީ ފޯނު ރިންގުވާ އަޑަށެވެ. އަވަހަށް ފޯނުނަގާ ކަންފަތުގައި ޖައްސާލެވުނީ ރަނގަޅަށް ލޯ ވެސް ހުޅުވާލުމެއް ނެތިއެވެ. ގުޅަނީ ކާކުކަމެއް ވެސް ނޭނގި އޮވެ އެވެ.
“ހެލޯ!…. ޝެބީ!… މަންމަ ބުނީ ޝެބީ ގާތު އަހާބަލާށޯ މިއަދު މެންދުރު މިގެއަށް ކާން އާދެވިދާނެހޭ، ޕްލީސް އަންނާނަންދޯ” އަލައިނާ ދަޢުވަތުއެރުވިއެވެ.
” ލީންތަ، އޭތް! ގަޑިތަކުން ކިހާއިރެއް ވެގެންތަ އެ އުޅެނީ، މަށަށް ދެންމެއޭ މި ހޭލެވުނީ” މިޝަލް ގަޑިން ވީއިރު ބަލާލަން ބޭނުންވިއެވެ. އަދި އާފުރިލުމަށްފަހު ކޮޓަރީގެ ގަޑިއަށް ބަލާލެވުނީ ދެނެވެ. އޭރު ގަޑިން މެންދުރު ބާރަޖަހަނީ އެވެ. އަލައިނާ ވެސް ގަޑިބުނެލަ ދިނީ އެވަގުތުއެވެ. އަދި އެއަށްފަހު އޭނާ މިޝަލްއަށް އެރުވި ދަޢުވަތު ޤަބޫލްކޮށްފިންތޯ އަނެއްކާ ވެސް އަހާލިއެވެ.
“ލީންގެ މަންމަ ވިއްޔާ… އޯކޭ… ދާނަން… އެކަމަކު މެންދުރު ނަމާދޮކޮށްލައިގެން ދާނީ” މިޝަލް އަލައިނާގެ ދަޢުވަތު ޤަބޫލް ކުރިއެވެ. އަދި އެނދުގައި ނޯވެ ތެދުވިއެވެ.
މިޝަލް ފެންވަރާލާ ނަމާދު ކޮށްލައިގެން ގޭތެރެއަށް ނުކުތްއިރު ހަފްސާ ކާމެޒު ކައިރީ ލިޔުންތަކަކާއި ފައިލެއް ހިފައިގެން އިނެވެ. ގޭތެރޭގައި މަސައްކަތް ކުރާން އުޅޭ ސާޝާ ކައްކަން ހުއްޓެވެ. ސާޝާއަކީ ޕިލިފިންސް އަންހެން ކުއްޖެކެވެ. ގޭތެރޭގައި ގިނަވަގުތު މިޝަލް ހޭދަކުރާނީ ސާޝާއާ އެކީއެވެ.
“މަންމާ! ލީންގެ މަންމަ މިއަދު މެންދުރު އެގެއަށް ކާން އައުމަށް ދައުވަތު ދީފި “
“ދަރިފުޅު ދާންވީނު، މަލަކާ އަށް މަންމަގެ ސަލާމް ބުނައްޗޭ، ބުނޭ މަންމަ ވަރަށް ބިޒީވީމައޭ ނާދެވުނީ. މިހާރު ވެސް ވަރަށް މުހިންމު ލިޔުންތަކެއް ބަލަން މި އިނީ” ހަފްސާ މިޝަލްގެ ވާހަކަ ނުނިމެނިސް އަވަހަށް ބުނެލިއެވެ. މިޝަލް އެކަމާގުޅިގެން އިތުރު އެއްޗެއް ނުބުނެއެވެ. ހަފްސާގެ ޢަމަލްތަކާއި ވާހަކަދެއްކުމުގައި ގެންގުޅޭ އުސޫލުތަކަށް މިޝަލް ފާޑުކިޔައެއް ނުހަދައެވެ. މިޝަލް ގެއިން ނުކުތީ އަލައިނާމެން ގެޔަށް ދިއުމަށެވެ.
މަޑު ހިނގުމެއްގައި މިޝަލް އައިސް ހަވަނަ ފްލެޓްގެ ތިންވަނަ ބުރިއަށް އެރިއެވެ. އަދި ދެވަނައަށް ހުރި ދޮރުގެ ބެލް ސުވިޗަށް އޮބާލިއެވެ. މީ މިޝަލް އެ ގެއަށް ވަން ފުރަތަމަ ފަހަރެއް ނޫނެވެ. އެހާ ފަރިތަމަކަމާއެކު އައިސް އަލައިނާ އުޅޭ ބަޔަށް ވަންނަން އެނގުނީ އެހެންވެއެވެ. ދޮރު ކުރިމަތީ މިޝަލް ހުއްޓާ އެޕާޓްމެންޓުގެ ދޮރު ހުޅުވާލީ އަލައިނާގެ ދޮންބެ އާޚިލެވެ.
“ލީން” އާޚިލް ފަސްއެނބުރި ގޭތެރޭގައި އުޅޭ އަލައިނާއަށް ގޮވާލުމަށްފަހު ދޮރުމަތީ ހުރި މިޝަލް ގާތުގައި އެތެރެއަށް ވަނުމަށް އެދުނެވެ. އަލައިނާއާއެކު މިޝަލް އެގެއަށް އައިސް އުޅޭތަން މީގެ ކުރީން ވެސް އާޚިލަށް ވަނީ ފެނިފައެވެ. އެހެންވެ އޭނާއަށް ވެސް މިޝަލްއަކީ އައު މީހެއްނޫނެވެ.
މިޝަލްގެ ހަރަކާތްތަކަށް އެއްވެސް ސަބަބެއްނެތި އާޚިލަށް ބަލަން ހުރެވެނީ ކީއްވެ ކަމެއް ޚުދު އޭނާއަކަށް ވެސް ނޭގެއެވެ. އެކަމަކު ދުވަހަކުވެސް މިޝަލް ނުފެނި ގިނަދުވަސްވިޔަސް ކޮބާތޯ އަހާލާހާ ހިތްވަރެއް އާޚިލްގެ ގައިގާ ނުހުރެއެވެ. ނަމަވެސް އޭނާގެ ހިތުގައި މިޝަލް އަށް ޚާއްޞަކަމެއް ދެވިފައިވާކަން އެނގެއެވެ. އާޚިލްގެ މިފަދަ ހަރަކާތްތައް މިޝަލް އަށް ކޮންމެވެސް ވަރަކަށް ފާހަގަ ކުރެވެއެވެ. އާޚިލްގެ ބެލުންތަކަށް މިޝަލް ބަދަލުކޮށްލަނީ ލުއި ހިނިތުންވުމެކެވެ. އާޚިލުގެ ހިތުގައި އުފެދެމުން އަންނަ އިހުސާސްތަކަކީ މިޝައަށް އެކަމަށް ބާރު ފޯރުވޭނޭ ކަމެއްނޫނެވެ. ހަމައެގޮތަށް މިޝަލްގެ ހިތުގައި އޮތް އެއްޗެއް ވެސް އާޚިލްއަކަށް ނޭނގެއެވެ. މިޝަލްގެ ހިތުން އާޚިލަށް ޚާއްޞަ ޖާގައެއް ހުސްވެފައި ނުވެއެވެ.
މިޝަލް ސޯފާގައި އިށީންނަނިކޮށް އަލައިނާ މިޝަލް ގާތު ކޮޓަރިއަށް އައުމަށް ގޮވާލިއެވެ. މިޝަލް އަލައިނާގެ ކޮޓަރިއަށް ވަންނަން ދިޔަވަގުތު ބަދިގެތެރޭ ހުރި މަލަކާއަށް މިޝަލް ފެނިއްޖެއެވެ.
“މިޝަލް، ދަރިފުޅު އައީތަ” އުފާވެރި ކަމާއެކީ މަލަކާ ބުނެލިއެވެ. އެއީ މަލަކާގެ އާދައެވެ. މިޝަލްއަށް ދަރިފުޅު ކިއުމަކީ އާކަމެއް ނޫނެވެ. މިޝަލްގެ ރިވެތި އަޙްލާގު ތަރުބިއްޔަތު ކުރުމުގައި މަލަކާގެ ރޯލު ވެސް ކުޑައެއް ނޫނެވެ. މިޝަލްއަށް ފުރަތަމަ ގަނެދިން މުސައްލައިން ފެށިގެން މަލަކާ ދުށީ އެއީ ވެސް އޭނާގެ ދަރިއެއްގެ ގޮތުގައެވެ. ރީތި އާދަތައް މިޝަލްއަށް ދަސްކޮށްދެއެވެ.
“ހަމަ ދެންމެ މިއައީ، ހާދަ މީރުވަސް ދުވައޭ… އައި އިރަށްވުރެ ބޮޑަށް ބަނޑުހައި ވެއްޖެ” މިޝަލް ހީނލަމުން ބުނެލިއެވެ.
“އިރުކޮޅަކުން މި ކާން ހަދަނީ. މިހާރު މިހުރީ ނިމިފަ” ހިނިއައިސްފައި ހުރެ މަލަކާ ބުންޏެވެ. މިޝަލް ހިނިތުންވެލާފައި އެތަނަށް ނުކުތް އަލައިނާއާއެކު އޭނާގެ ކޮޓަރިއަށް ވަނެވެ.
“ޝެބީ އަންނަ ވާހަކަ ބުނީއްސުރެން ދޮންބެ އެ އިންނަނީ ވަރަށް ވެފަ އިނގޭ” އަލައިނާ ސޯފާގައި އިން އާޚިލާ ގުޅުވައިގެން މިޝަލްއާ ދިމާކޮށްލިއެވެ. މިޝަލް ލޯ ބޮޑުކޮށްލާފައި ތުންފަތުގައި އިނގިލި ޖައްސާލިއެވެ. މަލަކާއަށް އަޑުއިވިދާނެތީ އުޅޭހެންނެވެ. އަލައިނާގެ ކޮޓަރިއަށް މިޝަލް ގެނައީ އޭނާގެ އައު އަލަމާރި ދައްކާށެވެ. ހެދުންތައް އެއްވެސް ތަރުތީބެއް ނެތި އަޅާފައިވާ އަލަމާރި މިޝަލް ބަލާލިއެވެ. ހުދުކުލައިގެ ތިން ދޮރުފަތްލީ އަލަމާރިއެކެވެ.
މޭޒު މައްޗަށް ކާންހެދުމާއެކު މަލަކާ ހުރިހާ ކުދީންނަށް ކާން ގޮވިއެވެ. ކުޑަ ކުޑަ ޢާއިލާއެކެވެ. މަންމައަކާ ދެކުދީންނެވެ. ދެކުދީން ވެސް ވަނީ ބޮޑުވެ ޒުވާނުންނަށްވެފައެވެ. ދެ ކުދީން ވެސް އަމިއްލަ ދިރިއުޅުން ރަނގަޅު ކުރުމަށް ޓަކައި ވަޒީފާއަށް ނުކުމެއެވެ. ދުވަސްވެފައި އިން މަންމަގެ ޚަރަދުތައް ވެސް ގިނަ ފަހަރަށް ބަލަހައްޓަނީ އެ ދެބެންނެވެ.
“އަވަހަށް ކާން ފައްޓާ” މަލަކާ ބުންޏެވެ. އެ މަންޒަރު ބަލަންހުރި އެކަކު ވެސް އެވަގުތު މިޝަލްއަކީ އެގެއަށް ވަދެއިން މެހެމާނެކޭ ހިއެއް ނުކުރާނެއެވެ. މަލަކާގެ މިފަދަ ކަންތައްތައް މިޝަލްއަށް ވަރަށް ކަމުދެއެވެ. އަދި އަލައިނާ އާއި މިޝަލްގެ ރަނގަޅު ރަޙްމަތްތެރިއެއް ކަމުގައި ވެސް މަލަކާ ފުދެއެވެ.
“އާޚިލް…. ހާދަ އަވަސްކޮށްލާފަ” މަލަކާ އާޚިލަށް ބުނިލިއެވެ.
“މިޝަލް، ބަރާބަރަށް މިހާރު ނަމާދު ކުރަންތަ؟” އާޚިލަށް އެއްޗެއް ބުނުމަށްފަހު މަލަކާ ދެން ބަލާލީ މިޝަލް އަށެވެ. އޭނާއާ މަލަކާ ސުވާލު ކުރިއެވެ.
“ހޫމްމް…” މިޝަލް ކާން އިނދެގެން އަޑުލައްވާލިއެވެ.
“ދެން އެހެންވީރު ކޮންއިރަކުން ބުރުގާ އަޅާނީ؟” އަނެއްކާވެސް މަލަކާ ކުރީ ސުވާލެކެވެ. މިޝަލް އެ ސުވާލަށް ޖަވާބެއްދޭން ބޭނުންނުވެ އިނދެ އަދި އަޅާނަން ކަމުގައި ބުންޏެވެ.
“މީނދަ އަލައިނާ ވެސް އެހެން ބުނާއިރަށް ބުނާނެ، މަންމާ އަޅުގަނޑު އަދި އަޅާނަމޭ ބުރުގާ، އެއީ ނޭނގެ ކޮންދުވަހަކުން ކަމެއްވެސް” މަލަކާ ކުޑަކޮށް ހިތަހަމަ ނުޖެހިގެން ބުނެލިއެވެ.
“މަންމާ ޕްލީޒް…” އަލައިނާ އޭނާގެ މަންމަގެ ވާހަކަތައް ހުއްޓުވުމަށް ބުނެލިއެވެ.
މިޝަލް ގެއަށް ދާހިތެއް ވެސް ނުވެއެވެ. ގޭގައި ސާޝާ ނޫން މީހަކު ނުހުންނާނެތީއެވެ. މަންމަ ލަސްވެގެން ހޯދާނީ ވެސް ވަރަށް އިރު ވީމަކަން ވެސް އެނގޭތީއެވެ. މިޝަލް އަލައިނާމެން ގެއިން ނުކުތީ ޑިއުޓީއަށް ދާ ގަޑި ކައިރި ވަމުން އަންނާތީއެވެ. އޭނާ ނުކުމެގެން ދަމުން އަލައިނާގެ ގާތުގައި ގިނައިރެއްނުވެ މިޝަލް ތައްޔާރުވެލައިގެން ބަސް ސްޓޮޕް ކައިރިއަށް އައިސް ގުޅާނެ ވާހަކަ ބުންޏެވެ.
މިޝަލް ގެއަށް އައިސް ވަނުމާއެކު ސާޝާ ކާން ގޮވިއެވެ. ނަމަވެސް މިޝަލް އެދުނީ އޭނާ ތައްޔާރުވެގެން ނުކުންނަންވާއިރަށް ސޭންޑްވިޗަކާއި ޖޫސްތަށްޓެއް ހަދާދިނުމަށެވެ. މިޝަލް އެހެންޏާ ވެސް ޑިއުޓީއަށް ދާން ތައްޔާރުވާފަދައިން ހުރިހާ އެއްޗެއް ތައްޔާރުކޮށްގެން ނުކުމެ ސާޝާ ތައްޔަރުކޮށްފައިވާ އެއްޗެހި ކާލައިގެން ގެއިން ނުކުތީ ބަސް ސްޓޮޕާ ދިމާއަށް ދިއުމަށެވެ. އޭރު އިރު އޮއްސި އަނދިރިވެއްޖެއެވެ. ވަގުތު ވެސް އޮތުމާއިއެކު މިޝަލް ހިނގަމުން ދިޔައީ ލަސް ފިޔަވަޅު ތަކެއްގައެވެ. އޮފީހަށް ދާންވާއިރަށް ކޮށްފައި ހުރި މޭކަޕް ހޫނުވުމުގެ ސަބަބުން ހަޑިވާން ނޭދޭތީއާ ވެސް އެކުގައެވެ. ނަމަވެސް ވަކި ހިސާބަކަށް ހިނގާލި ތަނާހެން ކުއްލިއަކަށް މިޝަލްއަށް އާދަޔާ ޚިލާފް އިޙްސާސް ތަކެއް ކުރެވެންފެށިއެވެ. ފަހަތުން މީހަކު އަންނަހެން ހީވިއެވެ. އެހެންވެ ނުބަލަން ހުރެފައި ވެސް މޫނު އަނބުރާލާ ފަހަތް ބަލާލިއެވެ. ފަހަތުން އެއްވެސް މީހަކު ފެންނާކަށް ނެތެވެ. މަގު އޮތީ ފަޅަށެވެ. އެހެންވެ އަނެއްކާވެސް ކުރިއަށް ހިނގަން ފެށީއެވެ. ދެން ވެސް ކުރީން ހީކުރެވުނު ހީ ގެ މައްޗަށް ފަހަތް ބަލާލެވުނެވެ. މިފަހަރު ވެސް މީހަކު ފެންނާކަށް ނެތެވެ. އެ ވަގުތު މިޝަލް ކުއްލިއަކަށް ހިތަށް އެރީ ކުރީ ރޭގެ މަތިންނެވެ. އެކަމަކު ވެސް ޤަބޫލްކުރާކަށް ބޭނުމެއްނުވިއެވެ. އަމިއްލަ ނަފްސަށް އެއްވެސް އާދަޔާ ޚިލާފު ކަމެއް ނުވާކަން ވިސްނާދެމުން ބަސް ސްޓޮޕާ ހަމަޔަށް ދިޔައެވެ.
މިޝަލްއާއި އަލައިނާ ޑިއުޓީއާ ހަވާލުވިއުރު އައު ކުއްޖެއް ޑިއުޓީއަށް އައިސްގެން އުޅޭކަން ފާހަގަ ވިއެވެ. ޑިއުޓީ ގަޑި މިރޭ ވެސް ނިމުނީ ނިމެން އޮންނަ ގަޑިއަށްވުރެން މާލަހުންނެވެ. ޑިއުޓީ ނިމުނު ގަޑީގައި އެވަގުތު ހުރި އިންޗާރޖް ކޮންމެ ސްޓާފެއްގެ އަތަށް ލިޔުމެއް ދިނެވެ. އަދި އަލަށް އައިސްގެން އުޅޭ ކުއްޖާ އެންމެނަށް ތަޢާރުފް ކޮށްދިނެވެ.
“މީ ޔާނީ، ވަގުތީގޮތުން މާލޭ އޮފީހުން ފޮނުވި ސްޓާފެއް” އިންޗާރޖް މިހެން ބުނުމާއެކު ކޮންމެ މީހަކު އެމީހަކު އަމިއްލައަށް ޔާނީ އަށް ތަޢާރުފް ވެލިއެވެ. އަދި ޓަރމިނަލުން ނުކުތުމަށް ދިޔައެވެ. މިޝަލް އަތުގައި އޮތްލިޔުން ކިޔާލިއެވެ. އޭގައިވަނީ ޑިއުޓީ ގަޑި އިތުރު ކުރިވާހަކައެވެ.
“މީގައި މިބުނާ ގޮތުންނަމަ ދެން ކޮންމެ ނައިޓް ޑިއުޓީ އެއްވެސް ނިމޭނީ ވަރަށް ލަހުން ދޯ” މިޝަލް އަލައިނާއަށް ބުނެލިއެވެ.
މިޝަލްއާއި އަލައިނާ ޑިއުޓީ ނިންމާލުމަށްފަހު އާދައިގެ މަތީން ވަނީ ފާޚާނާ އަށެވެ. މިޝަލް ހުރީ ލޯގަނޑު ކުރިމަތީގައި މޫނު ރީތި ކުރާށެވެ. އެތަނުގައި އަލައިނާ ހުރެފައި ނުކުތީ ބޭރަށެވެ. ހަނދާން ނެތިގެން ބާއްވާފައި އައި ނޭމް ޓެގް ބަލައެވެ. މިޝަލް އިސްތަށިގަނޑު ރަނގަޅު ކޮށްލާފައި އެހެން ރޭ ރެއެކޭ އެއްގޮތަށް ސެންޓު ޖަހާލިއެވެ. ހަމަޖެހިލާފައި ހުރެ އޭރު ރީތި ލަވައެއްގެ ރާގު އަނގައިން ލައްވަމުންދިޔައެވެ. އޭނާ ލޯކައިރީ ހުރި އަދުން ފޮހެލަން ޓިޝޫ ޖައްސާލި ތަނާހެން ދާދި ގާތުގައި މީހަކު ހުރެފައި ގޮވާލިހެން މިޝަލްއަށް ގޮވާލި އަޑު އިވުނެވެ. ސިއްސައިގެން ދިޔަ މިޝަލް ދެ ލޯ ބޮޑުކޮށްލަމުން ލޯގަނޑަށް ބަލަހައްޓައިގެން ހުއްޓެވެ. އަނެއްކާ ވެސް މިޝަލްއަށް އެ މީހަކު ގޮވާލައިފި އެވެ. ފިރިހެންވަންތަ މަޑުމައިތިރި އަޑަކުންނެވެ. އަޑު އިވުނު ގޮތުން އެ މީހަކު އެ ހުރީ މިޝަލްއާ ދާދި ގާތުގައިކަން އެނގުނެވެ. މިޝަލް ބޯ އަރިކޮށްލާފައި ފާޚާނާއިން ބޭރު ބަލާލިއެވެ. ޑިއުޓީ ނިންމާފައި ދަމުން ކުއްޖަކު ޖެއްސުމެއް ކޮށްލަނީއޭ ހިތާއެވެ. ނަމަވެސް ފާޚާނާ ބޭރަށް ބޯދިއްކޮށްލިއިރު އެކަކު ވެސް ފެންނާކަށް ނެތެވެ. މިޝަލް ވަށައިގެން ހޯދާލިއެވެ. އިންސާނެއްގެ ހިލަމެއް އެތާކުނުވެއެވެ. އެއާއެކު މިޝަލް ހިތަށްއެރީ އަދި އެއްފަހަރު ގޮވާލާތޯ ޔަގީން ކުރާނީ އެވެ. އެހެންވެ މިޝަލް އަނެއްކާ ވެސް ލޯގަނޑާ ކައިރިވެލިތަނާ ހަމަ އެ އަޑުން މިޝަލްގެ ނަމުން ނިކަން ރީތިކޮށް ގޮވާލައިފިއެވެ. ވަގުތުން އަތުގަ އޮތް ޓިޝޫކޮޅު އެއްލާލާފައި ފާޚާނާއިން ބޭރަށް މިޝަލް ދުއްވައިގަތެވެ. އެހިނދު މިޝަލް ލައިގަތީ އެ ދިމާއަށް އައި އަލައިނާގެ ގައިގައެވެ. މިޝަލްގެ ބޮޑުވެފައިވާ ދެލޮލާއި ތުރުތުރު އަޅައަޅައި އޮތް އަތާ ފެނިފަ ކޮންމެވެސް ކަމެއްވެއްޖެކަން އަލައިނާއަށް އެނގުނެވެ.
“ކިހިނެއްވީ ޝެބީ؟” އަލައިނާ އަވަހަށް ސުވާލުކުރިއެވެ. އޭނާ ވެސް ހުރީ ހާސްވެފައެވެ.
“ހިނގާ ދާން” އަވަސް އަރުވާލާފައި މިޝަލް ބުނެލިއެވެ. އަލައިނާގެ ގާތުގައި އެއްވެސް ވާހަކައެއް ބުނާކަށް އޭނާ ބޭނުމެއް ނުވިއެވެ.
“ޝެބީ، މިރޭ ޑިއުޓީގައި ކުއްޖަކު ބުނާތީ އަޑުއެހިން މިއަދުން ފެށިގެން ދަންވަރު ދެގަޑި ބައިވާންދެން ބަސް ދަތުރުތައް ހަމަޖައްސައިފިކަމަށް، ސަޅިއެއްނު ދޯ” އަލައިނާ މިޝަލްގެ ހިތްހަމަޖައްސާ ދިނުމަށް ބުނެލިއެވެ. ނަމަވެސް މިޝަލް އެއްވެސް އެއްޗެއް ނުބުނެއެވެ. އޭނާ ހުރީ ވާހަކަދެއްކޭ ވަރަށްވުރެ ބިރުގެންފައެވެ. މީހާ ފިނިވެ ގައިގާ ތުރުތުރެއް އުފެދޭގޮތް ވެފައެވެ.
“އެއީ ކާކުބާ، ނުފެންނަ މީހެއްތަ، ރޫޙާނީ ކަމެއްތަ؟، ކުރިން ރެޔާ މިކަމާ ގުޅުމެއް ވޭބާ؟ ލީން ގާތުގައި ބުނެފިނަމަ އޭނާ ޤަބޫލް ކުރާނެތަ؟” މިޝަލްގެ ހިތަށް އެއްފަހަރާ އެތައް ސުވާލެއް އަރަމުން ދިޔައެވެ. ބަސް ދަތުރު ފެށުމަކުން ވެސް މިޝަލްގެ ހިތްހަމައެއް ނުޖެހުނެވެ.
މަޑުކޮށްފައި އޮތް ބަހަށް މިޝަލް އަވަސް އަވަހަށް އެރިއެވެ. އަލައިނާ ވެސް މިޝަލްގެ ފަހަތުން އެރީ ކަންބޮޑުވެފައި ހުރެގެންނެވެ. މިޝަލްގެ ތުރުތުރުލުން ހަމައަކަށްއެޅި މީހާއަށް އާދަޔާ ޚިލާފަށް ފިނިވާން ފެށިއެވެ. މިޝަލްގެ އުނގުމަތީގައި ބާއްވާފައި އޮތް ދަބަސް ގަޔާ ކައިރިކޮށްލާ އޭގައި ބާރަށް ބައްދާލިއެވެ. އަލައިނާއަށް މި މަންޒަރުފެނިގެން މިޝަލްގެ އަތުގައި ކޮށްޓާލަން އުޅުނެވެ. ނަމަވެސް މިޝަލްގެ އަތުގައި އަތްޖެހުމާއެކު އަލައިނާ ކަންބޮޑުވެފައި އަތް ދުރަށްލިއެވެ. އަދި ހާސްވެފައި މިޝަލްއަށް ބަލާލިއެވެ.
“ޝެބީ…ހާދަ ހޫނޭ ، ހީވަނީ ފިހިދާނެހެން. ހުންއައީތަ؟” އަލައިނާ މިޝަލްގެ ނިތްކުރިއާ ކަރުދޮށުގައި އަތްޖައްސާލަމުން ބުނެލިއެވެ. އެއާއެކު މިޝަލް ދެފަރާތައް ބޯ ތަޅުވާލިއެވެ. އަނގައިންނެއް ނުބުންޏެވެ.
އެޗް.ޑީ.ސީ ކައިރިއަށް ބަސް މަޑުކުރުމާއެކީ މިޝަލް ފުއްމައިގެން ތެދުވިއެވެ. އަދި ބަހުން ހަލުވިކަމާއެކީ ފައިބައިފިއެވެ. އަލައިނާ ފައިބާތޯ ބަލާލުމެއް ވެސް ނެތިއެވެ.
“ޝެބީ…ޝެބީ… މަޑުކޮށްބަލަ” އަލައިނާ މިޝަލްއާ އެއްވަރަށް ބަހުން ފައިބަން މަސައްކަތް ކުރިއެވެ.
“ޝެބީ އެއްބަސް ނުވިޔަސް ތި ހުރީ ހުން އައިސްފައި. ވަރަށް ހުންގަދަ… އެކަނި ގެއަށް ދާނެކަމެއް ނެތް، ދޮންބެ ގާތު ބުނަންތައް ޝެބީ ގެއަށް ލާދީ ބަލާށޭ، މަށަށް އެނގޭ ދޮންބެ އުފަލުން ކޮށްދޭނެކަން” މިޝަލްގެ އަތުގައި ހިފެހެއްޓުމަށްފަހު އަލައިނާ ބުންޏެވެ.
“ނޫން! އާޚިލަށް އުނދަގޫ ކުރާނެކަމެއްނެތް، ޕްލީޒް ލީން، އަހަރެން އެކަނި ގެއަށް ގޮސްދާނަން، ހުންވައްތަރު ވެގެންނޭ އަވަހަށް ގެއަށްދާން މިއުޅެނީ، ދެން ދަނީ އިނގޭ، އޭރުން ދެން ވެސް އަވަހަށް ގެއަށް ދެވޭނީ” މިޝަލް އަލައިނާގެ ކިބައިން ސަލާމަތްވުމުގެ ގޮތުން ބުނެލިއެވެ.
ބަސް ހުއްޓާތަން ކުރިމަތީ އޮތް މަގުންލާފައި މިޝަލް ހިނގަމުން އައީ ވަރަށް ބާރަށެވެ. ވަކި ހިސާބަކަށް އާދެވުނުތަނާހެން މިޝަލްއަށް އިހުސާސް ކުރެވެންފެށީ އޭނާގެ ފަހަތުގައި މީހަކު ހުރި ކަމެވެ. އެ މީހަކު އޭނާ ކުރިއަށް ހިނގާ ވަރަކަށް ފަހަތުން ހުރެ އަންނަކަމެވެ. އެއީ މިޝަލް ޑިއުޓީއަށް ދިޔަ ގަޑީގައި ވެސް ކުރެވުނު އިހުސާސެވެ. މިވަނީ ކިހިނެއްކަމެއް އެއްގޮތަކަށް ވެސް މިޝެލްއަށް ދެނެގަންނާކަށް ނޭނގެއެވެ. ކަންބޮޑުވެ ހާސްވެފައި ހުރެ ފަހަތް ބަލާލިއެވެ. ފުރަތަމަ ބަލާލީ ސިއްރުންނެވެ. މީހަކު ނުފެނުނެވެ. ދެން ވެސް ހީވާ ހީވުން ނިމުމަކަށް ނައީތީ އަނެއްކާ ވެސް ފަހަތަށް އެނބުރި ބަލާލިއެވެ. މިފަހަރު ބަލާލީ ހުއްޓިލާފައެވެ. މަގުގައި އެކަކު ވެސް ނެތެވެ. އަނދިރިކަމާއި ފަޅުކަން ނޫނީ ނުވެއެވެ. ދެފަހަރު ތަކުރާރުކޮށް ފަހަތަށް ބަލާލެވުމުން ވެސް މީހަކު ނުފެނުނީތީވެ މިޝަލް ނިންމީ ދެން ފަހަތަށް ނުބެލުމަށެވެ.
ހަލުވިކޮށް އައިސް މިޝަލް ގެއަށްވަދެ ދޮރުތަޅުލިއެވެ. ދެން ހިނގައިގަތީ ސާޝާގެ ކޮޓަރިއާ ދިމާއެށެވެ. އަވަސް އަވަހަށް ސާޝާގެ ކޮޓަރީގައި ޓަކިޖަހަންފެށިއެވެ. އޭރު މިޝަލްގެ ހުންގަދަވެ މީހާ ޚަބަރުހުސްވާވަރު ވެއްޖެއެވެ. މިޝަލްއަށް ސާޝާގެ ކޮޓަރީގެ ދޮރުހުޅުވާލެވުނީ ކިރިޔާއެވެ. ޚަބަރުހުސްވެގެން ވެއްޓެން ދިޔަ މިޝަލްއަށް މީހަކު އޭނާގެ ގައިގާ ހިފެހެއްޓިކަން އެނގުނެވެ. ދެންވީގޮތެއް ނުދެނަހުއްޓެވެ.
ސާޝާއަށް އޭނާގެ ކޮޓަރީގެ ދޮރުގައި މީހަކު ޓަކިދޭ އަޑު އިވުނެވެ. އޭނާ ތެދުވަންވާއިރަށް މީހަކު ކޮޓަރީގެ ދޮރުހުޅުވާލައިފިއެވެ. އެއާއެކު ފުއްމައިގެން ތެދުވެ ބޮކި ދިއްލިއެވެ. މުޅިތަނަށް ބޮކީގެ ހުދު އަލި ފެތުރިގެން ހިނދު ދޮރުމަތީ އަރިއަކަށް ވެއްޓިފައި އޮތް މިޝަލް ފެނުނެވެ. އޭނާއަށް ވެފައި އޮތް ގޮތެއް ބަލާން ސާޝާ އަވަސްވެގަތެވެ.
“ޝެބީ!… މައި ޑިއަރ… ޝެބީ…” ސާޝާ ހާސްވެ ކަންބޮޑުވެފައިވާ ހާލުގައި މިޝަލް ނަގަން މަސައްކަތް ކުރިއެވެ. އެކަން ނުވުމުން ސާޝާ ކޮޓަރިން ބޭރަށް ނުކުމެ އަބޭއަށް ގޮވިއެވެ. އަދި އަބޭގެ އެހީގައި މިޝަލް ނަގާ ސިޓިންރޫމު ސޯފާގައި ބޭއްވިއެވެ. ދެން ސާޝާ އަވަސްވެގަތީ ހަފްސާއަށް ގޮވާށެވެ.
“ދައްތާ!، ދައްތާ!، ދައްތާ!، ހޭލަބަލަ، ޝެބީ، ދައްތާ…” ހަފްސާއަށް ހޭލެވުނީ ސާޝާ ހާސްވެފަ ހުރެގެން ގޮވަނިކޮށެވެ. އޭރު ކޮޓަރީގެ ބޮކި ވެސް ހުރީ ދިއްލާފައެވެ. ސާޝާ ފެނިފައި ކޮންމެވެސް ކަމެއް ގޯސްވެގެން އުޅޭކަން އެނގުނެވެ.
“ކިހިނެއްވީ، ކޮބާ ޝެބީ، ގެއަށްއައީތަ؟” ތެދުވި ގޮތަށް ހަފްސާ ކުރީ ސުވާލެވެ.
“ދައްތާ، ކޮއްކޮ ފީވަރ، މިހާރު ސޯފާގައި އޮންނަނީ ފެއިންޓުވެފަ، އަވަސް…” ސާޝާގެ ބަސްކޮށިކަމާއިއެކު ވެސް ހަފްސާގެ އަތަށް ދަމާލަމުން އޭނާ ވާހަކަދެއްކީ ދިވެހިބަހުންނެވެ. ހަފްސާއަށް ވެސް ލިބުނީ ކުއްލި ސިހުމެކެވެ. މިޝަލް މިއަދު އުޅުނު އިރަކު ހުމުގެ އެއްވެސް އަސަރެއްނެތެވެ. މިހާ ކުއްލިގޮތަށް މިޝަލް ހުން އަންނަންވީ ސަބަބެއް ހަފްސާއަކަށް ނުވިސްނުނެވެ. ހަފްސާއަށް މިޝަލް ޚަބަރުހުސްވެފައި އޮތްތަން ފެނިފައި ވަރަށް ކަންބޮޑުވެ ދެރަވިއެވެ. އޭނާއަށް މިޝަލްއަށް ވަގުތު ނުދެވުނަސް އެދަރިފުޅުދެކެ އިންތިހާއަށް ލޯބިވެއެވެ. ހަފްސާގެ ހުރި ހަމައެކަނި ދަރިއަކީ މިޝަލްއެވެ. ސާޝާ ގާތު ފިނިފެން ފޮދަކާއި ކުޑަރުމާކޮޅެއް ގެންނަން ހަފްސާ ބުންޏެވެ. އަދި ސޯފާގައި އިށިންނަމުން މިޝަލްގެ ބޯހިއްލާލާފައި ހަފްސާގެ އުނގުގައި ބާއްވާލިއެވެ.
“ޝެބީ، ދަރިފުޅާ، ދަރިފުޅާ ޝެބީ…” މިޝަލްގެ މޫނުގައި ދެއަތުން ހިފަހައްޓާލައިގެން އިނދެ ދެތިން ފަހަރު މިޝަލްއަށް ހަފްސާ ގޮވާލިއެވެ. އެއްވެސް ޖަވާބެއް އެކުއްޖާ ނުދިނެވެ. ދެ ލޯ މަރާލައިގެން ހިމޭންވެފައި އޮތީއެވެ. ނިދާފައި އޮތްހެނެވެ. ހަފްސާ ވަރަށް ކަންބޮޑުވިއެވެ. ސާޝާ ފެންފޮދަކާ ކުޑަރުމާލެއް ހިފައިގެން އައިސް ހަފްސާއަށް ދިއްކޮށްލިއެވެ. އެހިނދު އޭނާ ގާތު ހަފްސާ އެދުނީ މިޝަލްއާއެކު މަޑުކޮށްލަ ދިނުމަށެވެ. އަދި އޭނާ އަންނާންދެން މިޝަލްގެ ބޮލުގައި ތެތްރުމާ އަޅާލަ ދިނުމަށެވެ.
ހަފްސާ ކޮޓަރިއަށްވަދެ އަވަސް އަވަހަށް ފޯނު ނަގާ އެމްބިއުލާންސައް ގުޅިއެވެ. އޭނާ ހެދުން ބަދަލުކޮށްލައިގެން ނުކުތީ މިޝަލް ހޮސްޕިޓަލަށް ގެންދިއުމަށެވެ. ސާޝާ ގާތުގައި ތައްޔާރުވުމަށް ހަފްސާ ބުނެފައި ގޭތެރޭގައި ދެން ހުރި އަބޭ ފޮނުވީ އެމްބިއުލާންސް އަންނަން ދެން މަގުމަތީގައި މަޑުކުރުމަށެވެ. ހަފްސާއަށް އިރު އިރުކޮޅާ މިޝަލް އަށް ގޮވާލެވެ. މިޝަލް އެއްވެސް އެއްޗެއް ނުބުނެ ހިމޭންވެފައި އޮންނާތީ ހަފްސާއަށް ކުޑަކޮށް ރޮވޭގޮތް ވެއްޖެއެވެ. މިއީ މިޝަލް ބަލިވެއްޖެނަމަ ހަފްސާ އުޅޭގޮތެވެ. ފިރިއަކާ ނުލާ އުޅެން ފެށިދުވަހުންފެށިގެން ހަފްސާގެ ހުރިހާވެސް މީހަކީ މިޝަލްއެވެ.
ކުއްލިއަކަށް އަބޭ ދުވެފައި ކަހަލަގޮތަކަށް އައިސް ގޭތެރެއަށްވަނެވެ. އެތަން ފެނުނު ހަފްސާ އަށް އެމްބިއުލާންސް އައީކަން ޔަގީންވިއެވެ. އެމްބިއުލާންސް އިން ފޭބި ދެ އެހީތެރިން ލަސްނުކޮށް މިޝަލް އެމްބިއުލާންސަށް އެރުވިއެވެ. އަދި ހަފްސާއާއި ސާޝާ ވެސް އެމީހުންގެ ފަހަތުންގޮސް އެރިއެވެ. އެމްބިއުލާންސް ބާރު ދުވެލީގައި އައިސް ހުޅުމާލޭ ހޮސްޕިޓަލުގެ ދޮރުމައްޗައް އިސާހިތަކު މަޑުކޮށްފިއެވެ.
ދަންވަރުގެ ވަގުތުކަމަށްވާތީ ހޮސްޕިޓަލްގައި މާގިނަ ޑަކްޓަރުންނެއް ނެތެވެ. ނަމަވެސް އެވަގުތު ހުރި ޑަކްޓަރު އިމަރޖެންސީކޮށް މިޝަލްއަށް ފަރުވާދޭން ތައްޔާރުވިއެވެ. އެކަމާ ހަފްސާ ވަރަށް ހިތްހަމަޖެހުނެވެ. މިޝަލްގެ ހުމަށް އޭރު އެއްގޮތެއް ވެސް ނުވެއެވެ. ޑަކްޓަރު ބޭސް ސިޓީ ދިއްކޮށްލަމުން އަވަހަށް ބޭސް ނެގުމަށް ބުންޏެވެ. ސާޝާއަށް ބޭސް ސިޓީއާއި ވޮލެޓް ހަފްސާ ދިއްކޮށްލުމާއެކު އޭނާ ބޭސް ނެގުމަށް އަވަސްވެގަތެވެ. ހަފްސާއަށް ޑަކްޓަރުގެ ގާތުން މިޝަލް ރަގަޅުވާނެތޯ އަހާލެވުނެވެ. އޭނާ ކަންބޮޑުވެފައި ހުރިވަރު ޑަކްޓަރަށް ފެނުމުން މިވަގުތު ކެތްތެރިވާން ހަފްސާގެ ގާތުގައި ބުންޏެވެ. އަދި ފަރުވާދީގެން ހުންމަޑު ކުރެވިދާނެކަމަށް ބުނެލިއެވެ. އޭރު ބޭސް ނަގަން ދިޔަ ސާޝާ ވެސް ގިނައިރެއްނުވެ އަތުވެއްޖެއެވެ. އޭނާ ނަރުސް ކުދިންނަށް ދިއްކޮށްލި ބޭސްކޮތަޅު ހިފައިގެން އެމީހުން ދިޔައެވެ.
ނަރުސް ކުއްޖެއް ޑަކްޓަރާއެކު އައިސް މިޝަލްގެ އަތަށް އައި.ވީއެއް ގުޅިއެވެ. އަދި ތައްޔާރުކޮށްފައިވާ ދެ އިންޖިކްޝަން ޑަކްޓަރަށް ދިއްކޮށްލިއެވެ. މިޝަލްގެ ގަޔަށް ދެ އިންޖިކްޝަން ވެސް ޑަކްޓަރު ވަގުތުން ޖެހިއެވެ. ހުންމަޑުވުމުން މިޝަލް ހޭއަރާފާނެ ކަމުގައި ހަފްސާގެ ގާތުގައި ޑަކްޓަރު ބުނެލިއެވެ. މިޝަލްގެ އެނދުކައިރީ ހުރި ގޮޑީގައި ދަރިފުޅުގެ އަތުގައި ފިރުމާލަ ފިރުމާލާ ހަފްސާ އިނެވެ.
މިޝަލް ހޭއެރިއިރު އަނެއްދުވަހުގެ މެންދުރުވަނީ އެވެ. އޭރު އަތުގައި ގުޅާފައި އޮތް އައި.ވީ ވެސް ހުސްވަނީއެވެ. މިޝަލްއަށް ރަނގަޅަށް ތަންތަން ވަކިކުރަން އެނގުމާއެކު ފުންމައިގެން ތެދުވަން އުޅުނެވެ. އެހިނދު ހަފްސާ އަވަހަށް މިޝަލްގެ ގައިގާ ހިފެހެއްޓިއެވެ.
“ދަރިފުޅާ ޝެބީ، ހޮސްޕިޓަލްގައޭ ތިއޮތީ، މާ ހުންގަދަވެގެން ޝެބީ އަނބުރައިގަތީ… ހޭނާރައިގެން ގެންނަން ޖެހުނީ. މިހާރު ކިހިނެއްތަ؟ ފެންފޮދެއް ބޯލަންވީނު؟” ހަފްސާ އަވަސް އަވަހަށް މިޝަލްއާ ވާހަކަ ދައްކަންފެށިއެވެ. އޭނާ ހާސްވެ ކަންބޮޑުވެފައި ހުރި ވަރު މިޝަލްއަށް ފާހަގަވިއެވެ. އެހެންވެ ހަފްސާ ހަމައަކަށް އެޅުވުމުގެ ނިޔަތުގައި އޭނާގެ އަތުގައި ހިފާލަމުން ހިނިތުންވެލިއެވެ.
“މަންމާ! އަޅުގަނޑު މިހާރު ރަނގަޅޭ، އަޅުގަނޑު ބޭނުންވަނީ ކުޑަކޮށް ތެދުވެލަން” މިޝަލް ހަފްސާ ގާތު ބުނެލިއެވެ. އެއާއިއެކު ހަފްސާ ނަރުސް ކުއްޖަކަށް ގޮވާލިއެވެ. ނަރުސް ކުއްޖާ މިޝަލް ބޭނުންވި ވަރަށް މިޝަލްގެ އެނދުގައި ބޯއޮތްކޮޅު އުސްކޮށްލަދިނެވެ. ހަފްސާ ނަރުސް ކުއްޖާ ގާތު ކޮންއިރަކުންތޯ ދޫކޮއްލާނީ ސުވާލުކުރިއެވެ. މަޑުކޮއްލުމަށް ބުނަމުން ނަރުސްކުއްޖާ ދިޔައީ އެމީހުންގެ ކައުންޓަރު ކައިރިއަށެވެ. މާގިނައިރެއްނުވެ ނަރުސް ކުއްޖާއައިސް ހަފްސާ ގާތު މިޝަލްއަށް ގުޅާފައިވާ އައި.ވީ ހުސްވުމުން ގެއަށް ދިޔަޔަސް އެންމެ ރަނގަޅުކަމަށް ޑޮކްޓަރ ވިދާޅުވިކަމަށް ބުންޏެވެ. އަދި މިޝަލް އައި ހުމަކީ ކަންބޮޑުވާންވީވަރުގެ ހުމެއް ނޫންކަމުގައްޔާއި މޫސުމް ބަދަލްވާއިރު ބައެއްކުދިން އެގޮތަށް ހުންއަންނާނެ ކަމުގައި ބުންޏެވެ. ހަފްސާ ނަރުސް ކުއްޖާއަށް ހީނލަމުން ހަމަޖެހުމުގެ ނޭވާއެއް ލިއެވެ.
އަނޫ ލޮޖް ކުރިމައްޗައް ޓެކްސީ ހުއްޓުމާއިއެކީ އޭގެން ހަފްސާ ފޭބިއެވެ. އަދި އެތެރޭގައި އިން މިޝަލް ފޭބުމަށް އެހީތެރިވެދިނެވެ. ގޭތެރެއަށް ވަންއިރު އަބޭ ތަންތަން ފޮޅަންހުއްޓެވެ. މިޝަލް ފެނުމާއިއެކީ ހީނލިއެވެ. އަދި ކިހިނެއްތޯ އަހާލިއެވެ. މިޝަލް ސޯފާގައި އިށިންނަމުން އަތުން ބޮޑުވާއިނގިލި ދައްކާލަމުން އޯކޭ އޭ ބުނެލިއެވެ. ހަފްސާ، ސާޝާއަށް މިޝަލްއަށް ކާއެއްޗެއް ގެނައުމަށް ބުންޏެވެ. ސާޝާ މިޝަލްއަށް އެންމެ މީރު ޗީޒް އެންޑް އެގް ސޭންޑްވިޗް ހަދައިގެން ޖޫސްތައްޓެއް ހިފައިގެން އައެވެ.
“ޝެބީ ކޮންމެސް އެއްޗެއް ކާލައިގެން އިންނަންވާނީ އެހެންނޫނީ މާބޮޑަށް ވަރުދެރަވެދާނެ” ހަފްސާ، ސާޝާ ގެނައި ތަށިތަކުގައި ހިފަމުންބުނެލިއެވެ. މިޝަލް އޭނާގެ މަންމަގެ ފަރާތުން ލިބޭ ސަމާލުކަން ފެނިފައި ވަރަށް އުފާވިއެވެ. އެކަމަކު މިޝަލް އެ އޯގާތެރިކަމާއި އެދޭ ސަމާލުކަން އަބަދަށް ހަފްސާގެ ކިބައިން ލިބުމަށް ބޭނުންވެއެވެ.
“ޝެބީ، މިއަދު ގޭގަ މަޑުކޮށްލަންވީނު ޑިއުޓީއަށް ނުގޮސް” ހަފްސާ ގެ ހިތުގައިވާ އެދުން ބުނެލިއެވެ. މިޝަލްވެސް މަންމަ އެހާ ކަންބޮޑުވެފައި ހުރީމައާއިއެކު ދެކޮޅުނަހާދާ އެއްބަސް ވިއެވެ.
މިޝަލް ޑިއުޓީގެ ވާހަކަ ދެއްކުމާއިއެކުހެން ރޭގައި ވީކަންތައްތައްމަތިން ހަދާންވިއެވެ. އަދި ރޭގަ ކަންތައް ކުރެވުނުގޮތުން އަލައިނާ ކަންބޮޑުވެފަ ހުންނާނެވަރުވެސް ހިތަށްއެރިއެވެ. މިޝަލް ފޯނުހޯދަން ފެށިއެވެ.
“ފޯނުތަ ތިހޯދަނީ” ހަފްސާ އަހާލިއެވެ. މިޝަލް ބޯޖަހާލިއެވެ.
“މިޝަލް ގެއަށް އައިއިރު ފޯނު އޮތީ މިޝަލްގެ ޖީބުގަ، ފޯނު ރިންގުވާ އަޑަށް މަންމަ އަށްވެސް އެނގުނީ، އެހެންވެ ނަގާފަ ސާޝާ އަތައް ދިނީ، އަދި އެއްވާހަކަ އެބައޮތޭ، އަލައިނާ ގުޅީ، މަންމަ ބުނިން ވެގެން އުޅޭގޮތް. ބުނީ ދަރިފުޅު ރަގަޅުވެލީމަ ގުޅާލައްޗޯ” ހަފްސާ ސާޝާއަށް އިޝާރާތް ކޮއްލަމުން ބުނެލިއެވެ.
މިޝަލް ފޯނު ހިފައިގެން ވަނީ ކޮޓަރިއަށެވެ. އަދި އަލައިނާގެ ނަންބަރަށް ގުޅާލިއެވެ.
“ހެލޯ، ލީން” މިޝަލް ބުނެލިއެވެ. އަލައިނާ މިޝަލްއަށް ރޭގަ ކުއްލިއަކަށް ވީކިހިނެއްތޯ ސުވާލުކުރިއެވެ. މިޝަލް ފާޚާނާގައި އުޅެނިކޮށް އެތަނުން ފިރިހެން ކުދިބަޔަކު ބިރުގަންނަވާލީއޭ ބުނެ ނިންމާލިއެވެ. އެކަމާ އިތުރަށް ވާހަކަ ދައްކާކަށް އޭނާ ބޭނުމެއްނުވިއެވެ. އަލައިނާ އޭނާގެ މަންމަ މަލަކާވެސް ހުރީ ވަރަށް ކަންބޮޑުވެފަކަމުގައި ބުންޏެވެ. އަދި އަލައިނާގެ ދޮންބެ އާޚިލް މިޝަލްއަށް ގޮވާލަން ދާންވެސް ބުނިކަމުގައި ބުންޏެވެ.
“އޭތް! ލީން، މަ އަދި މިހިރީ ހަނދާން ވެސް ނެތިފައޭ، މަންމަ ބުނީ މިރޭ ޑިއުޓީއަށް ނުގޮސް ރެސްޓްކޮއްލާށޯ، އެހެންވެ މިރޭ ނުދާނަން އިނގޭ، އެކަން އަންގާލަދެއްޗޭ ޑިއުޓީ އިންޗާރޖަށް” މިޝަލް ކުއްލިއަކަށް ހަދާންވެގެން ބުނެލިއެވެ. މިޝަލް އާއި އަލައިނާ ފޯނުގަ އެކިއެކި ވާހަކަ ދައްކަން ތިބެފައި ފޯނު ބޭއްވީ ގަޑިއެއްހާއިރު ވީފަހުންނެވެ.
އިރުއޮއްސި ހަތެއްޖަހާ ހަތްގަޑި ބައިކަންހާއިރެވެ. މިޝަލް ކޮޓަރިން ނިކުމެގެން އައިސް މަންމަ ކޮބާތޯ ބަލާލިއެވެ. އޭރު ހަފްސާ ކުޑަ މަސައްކަތެއްގައި ހަވީރު ބޭރަށް ދިޔަގޮތަށް އަދި ނާދެއެވެ. މިޝަލް ދެން ބަލާލީ ސާޝާ ކޮބާތޯއެވެ. އޭރު ސާޝާ ސިޓިން ރޫމްގައި ޓީވީ ބަލަން އިންތަން ފެނުނެވެ.
“ސާޝާ، ޑޮކްޓަރ ބޭސް ދެއްވިތަ؟” މިޝަލް ސާޝާ ކައިރީ ސޯފާގައި އިށިންނަމުން އަހާލިއެވެ. ސާޝާ މިޝަލް އިންގޮތް ފެނިފައި މިޝަލްއަށް ކޮންމެސް ކަމެއް ވާކަން ފާހަގަ ކުރެވުނެވެ.
“ޝެބީ ފީވާ އަންނަނީތަ” ސާޝާ މިޝަލްގައިގަ އަތްޖައްސާލަމުން އަހާލިއެވެ. އޭރު މިޝަލް ވަރަށް ހޫނެވެ.
“ސާޝާ ބްލޭންކެޓެއް ގެނެސްދީބަލަ” މިޝަލް ތުރުތުރު އަޅައަޅާ އޮތް އަޑަކުން ބުނެލިއެވެ. އަދި މަންމަ އަށް އަވަހަށް ގުޅުމަށް ބުންޏެވެ. ސާޝާ ބްލޭންކެޓެއް ގެނެސް މިޝަލްގެ ވަށައިގެން އޮޅާލަ ދިނެވެ. އަދި ހޫނު ސައިތައްޓެއް ހަދައިގެން ގެނެސް މިޝަލްގެ އަތަށް ލާދިނެވެ. އޭރު މިޝަލް އަށް ތަފާތު އެކި އިހްސާސްތައް ކުރެވެމުންދިޔައެވެ. އާދަޔާ ޚިލާފަށް ފިނިވަމުންދިޔައެވެ. އަނެއްބައި ފަހަރު ހޫނުވާހެންވެސް އޭނާއަށް ހީވެއެވެ. އެއްގޮތަކަށްވެސް ކުރެވެމުންދިޔަ އިޙްސާސްތަށް ދެނެގަންނާކަށް މިޝަލްއަށް ފަސޭހައެއް ނުވިއެވެ.
ހަފްސާއަށް ސާޝާގެ ފޯންކޯލު ލިބުމާއިއެކު ގެއަށް އަންނާކަށް ގިނައިރެއް ނުނެގިއެވެ. ގެއަށް ވަދެވުމާއިއެކުހެން ވަގުތުން މިޝަލް ގޮވައިގެން ހޮސްޕިޓަލަށް އޭނާ ދިޔައެވެ. ހަފްސާ ނިންމި ގޮތުގައި މިޝަލް ހުން އަންނަނީ ދަޅާގެ ފިންޏަށެވެ. ޑޮކްޓަރ ބޭހެއް ނުލިޔުއްވީތީ ހަފްސާ ހުރީ ކުޑަކޮށް ހިތްހަމަ ނުޖެހިފައެވެ. މިފަހަރުވެސް ޑޮކްޓަރ ޖެއްސެވީ ހަމައެކަނި އިންޖެކްޝަނެކެވެ. ދެން ނަރުސް ކުދިން އައިސް މިޝަލްއަށް ގުޅީ އައި.ވީ އެވެ. އޭރުވެސް މިޝަލް ގެ ހުން މަޑުވާގޮތެއްނުވިއެވެ.
ދެ ދުވަސް ފާއިތުވެގެން ދިޔައިރު މިޝަލްގެ ހާލެއް ރަގަޅެކޭވެސް އަދި ގޯހެކޭވެސް ނުބުނެވޭނެއެވެ. ހުންއަންނަ ގަޑިޖެހުނީމަ ހުންގަދަވެގެންގޮސް ޚަބަރު ވެސް ހުސްވަނީއެވެ. ހަމަ ހުރެފަ ހުންގަނޑު ފިލައިގެންދާއިރު މިޝަލް މީގެ ކުރިން ހުންއައިކަމުގެ އެއްވެސް އަސަރެއް ނުހުރެއެވެ.
ހުންއަންނަތާ ތިންވަނައަށްވީ ރެއެވެ. ވަގުތުޖެހުމާއިއެކު މިޝަލްގެ ހުންގަދަވަމުން ދިޔައެވެ. ދަންވަރު ދެގަޑިބައިވަން އުޅުނުއިރު މިޝަލްގެ ގާތުގައި ހުންނަ މީހާއަށް ވެސް އޭނާގެ ހަށިގަނޑުން އަރާ ހޫނުގެ އިހްސާސް ކުރެވެއެވެ. ޑޮކްޓަރ ޖެއްސެވި އިންޖެކްޝަނުން އެއްވެސް އަސަރެއް މިޝަލްއަކަށް ނުކުރިއެވެ. ޑޮކްޓަރ ވެސް އަޖައިބުވިއެވެ. ދުވަހަކުވެސް މިފަދަ ކޭސްއެއް ކުރިމަތިވެފައި ނުވާތީއެވެ. މިޝަލްގެ ލޭގެ ޓެސްޓުތަކުން އެއްވެސް ކަމެއް ގޯސްވެގެން އުޅޭކަމަކަށް ނުދައްކައެވެ. ހަފްސާއަށް މިޝަލްގެ ހަށިގަނޑުގައި އަތްލަންވެސް ނުކެރެއެވެ. އެހާވެސް ހޫނެވެ. އޭރު ހަފްސާ އަށް ހަމަރަގަޅަށްވެސް ރޮވިއްޖެއެވެ.
“އަހަރެންގެ ދަރިފުޅު، ޕްލީސް ޑޮކްޓަރ، މައި އޮންލީ ޗައިލްޑް…ޕްލީސް ހެލްޕްހާ…” ނަރުސްކުދިން އައިސް ހަފްސާ ހަމައަކަށް އެޅުވޭތޯ މަސައްކަތްކުރަން ފެށިއެވެ. ހަފްސާ، މިޝަލް އާއި ދުރަށް އެންމެ ހިނދު ކޮޅަކަށް ވެސް ދާކަށް ބޭނުމެއްނުވިއެވެ.
އެތަކެއްއިރެއްވަންދެން ޚަބަރުހުސްވެފައި އޮތް މިޝަލް ކުއްލިއަކަށް ދެލޯ ހުޅުވާލިއެވެ. އަދި ދެ ލޯ ބޮޑުކޮށްލުމާއިއެކު އޭނާގެ ނަޒަރު އަމާޒުވެގެން ދިޔައީ އެނދުގެ ފައިލާކޮޅާ ދިމާލަށެވެ. އެވަގުތު އެތަނުގައި ރޮވިފައި ހުރި ހަފްސާ ވެސް މިޝަލްގެ މި ޢަމަލުގެ ސަބަބުން ސިހުނެވެ. ޑޮކްޓަރ ހީކުރީ މިޝަލް ހުންގަދަވުމުގެ ސަބަބުން ސްޓްރޯކެއް ޖެހެން އުޅެނީކަމަށެވެ. އެހެންވެ ފަރުވާދިނުމަށްޓަކައި އަވަސްވެގަތެވެ. އެކަމަކު އެތަނުގައި އެކަކަށްވެސް ނުފެންނަ މަޙްލޫގެއް ހުރިކަން އެނގެނީ ހަމައެކަނި މިޝަލްއަށެވެ.
ގިނއިރެއް ނުވެ މިޝަލްގެ ހުޅުވިފައިވާ ދެލޯ މަޑުމަޑުން މެރެމުން ދިޔައެވެ. މިޝަލް އަށްފެންނަމުން ދިޔައީ އަލިކަމެކެވެ. އެ އަލިކަމުގެ ތެރެއިން އެއްވެސް އެއްޗެއް ވަކިކުރާކަށް ނޭނގެއެވެ. އެކަމަކު މަޑުމަޑުން އެހެރެގެން ގާތްވަނީ އިންސާނެއްގެ ސޫރަކަން ކޮންމެސް ވަރަކަށް ވަކިވެއެވެ. އެހެނީ މިޝަލްއަށް އެ ފެހިކުލައިގެ ކަޅި ލިބިފައިވާ ދެލޮލާއި މޫނު ކިތަންމެހާވެސް ރީތިކޮށް ފެންނަން ފެށުމުންނެވެ. ނަމަވެސް އެ އިންސާނާ އަދައިގެ އިންސާނަކަށްވުރެން ބޮޑުވެފަ ބިޔަކަމަށް ދައްކައެވެ. ނޫނީ މިޝަލް އެނދުގައި އޮތުމުން މިޝަލްއަށް އޭނާ ފެންނަގޮތްކަމަށް ހީކުރެވުނެވެ. އޭނާގެ މޫނު ފެނުމާއި އެކީހެން އެ މޫނަށް ނޫން އެހެންތަނަކަށް ބަލާހިތެއް މިޝަލް ނުވިއެވެ. އޭނަ ފެނުމާއި އެކީހެން މިޝަލްގެ ހިތަށާ ހަށިގަނޑަށް ފިނިކަން އިހްސާސް ވެގެން ދިޔައެވެ.
“މީކާކުތަ، ހާދަހާވާ ރީތި ޒުވާނެކޭ، މިފަދަ ފިރިހެނެއް އަހަރެން ދުވަހަކުވެސް ނުދެކެން، އެހާ ރީތި ފުރިހަމަ ފިރިހެނުން ދުނިޔޭގައި އުޅޭތަ….ހާދަ ފުރިހަމައޭ….ހާދަހާ އޭ ރީތީ، އޭނާގެ އެހެރަ ފިރިހެންވަންތަކަމެއް. އަންހެންކުދިން މޮޔާވަރުވޭ….” މިޝަލްގެ ހިތަށް އަރަމުން ދިޔައެވެ. އޭނާ މިޝަލް އާއި މަޑުމަޑުން ގާތްވަމުން އައިސް މިޝަލްގެ އެނދުގައި އިށީނެވެ. މިޝަލްއަށް އެއްވެސް ހަރަކާތެއް ނުކުރެވެއެވެ. އޭނާ ފެނިފަ ހަރަކާތް ކުރަންވެސް މިޝަލް ބޭނުންނުވާ ކަހަލައެވެ. ނޫނީ މުޅި ހަށިގަނޑު ގަނޑުވެފައި އޮތް ކަހަލައެވެ. މިޝަލްގެ މޫނަށް ވަމުންދާގޮތް ބަލަހައްޓައިގެން ހުރެ އޭނާ ހިނިތުންވެލިއެވެ. އެ ހިނިތުންވުން ފެނިފަ މިޝަލް އޭނަގެ އެ ހިނިތުންވުމުގެ ތެރެއަށް ގެބިގެންދާހާ ވަރުވިއެވެ. އޭނާގެ އެ ބަލާލުމާއި ހިނިތުންވުމުން ވެސް އިޙްސާސް ކުރެވިގެން ދިޔައީ އޭނާގެ ޝަހުސިއްޔަތުގެ ވަރުގަދަ ކަމެވެ. އޭރު މިޝަލްއަށް ހުންއައިސްފައި އޮތްކަމުގެ އެއްވެސް އުނދަގުލެއް އިޙްސާސް ކުރެވޭހެނެއް ހިޔެއްނުވެއެވެ. އޭރުވެސް މިޝަލްއަށް އޭނަގެ މޫނު ނޫން އެހެން ތަނެއް ވަކި ކުރާކަށް ނޭނގެއެވެ. މުޅިތަން ވަނީ އަލިކޮއްލާފައެވެ. އެ ނުދަންނަ މީހާ މިޝަލް އާއި ވާހަކަ ދައްކަން ފެށިއެވެ.
“މި އައީ ބޭސް ހިފައިގެން، މި ބޯލުމުން މާތް ރަސްކަލާނގެ އިރާދަފުޅާއެކު ތިކަމުން ސަލާމަތް ވެވިދާނެ. އަހަރެންގެ ޢާއިލާގެ މީހުންނަކީ ފަތްޕިލާވެލީގެ ބޭސްކޮށްއުޅޭ ބަޔެއް. މީ އެމީހުން ހަދައިދިން ބޭހެއް، އާމުކޮށް ބަލިތަކަށް އަހަރެމެން ފަރުވާކުރުމަށް ބޭނުންކުރަނީ މިފަދަ ބޭސްތައް” އޭނާ މިޝަލްގެ ގާތުގައި ބުނެލިއެވެ. އެހެންބުނުމުން މިޝަލްއަށްވެސް އޭނާގެ އަތުގައި ކުޑަ ބޯތަށްޓެއް އޮތްތަން ފެނުނެވެ. އެއީ ލަކުޑިން ހަދާފައިވާ ކުޑަ ރީތި ބޯތަށްޓެކެވެ. އޭގައި ހުރީ ކޮންއެއްޗެއްކަމެއް މިޝަލްއަކަށް ނުފެނެއެވެ. އެހެނަސް އޭނަ ބުނާ ހުރިހާ އެއްޗެއް ޤަބޫލްކުރުމަށް މިޝަލްގެ ޟަމީރު ގޮވާލި ކަހަލައެވެ. މިޝްލެގެ އެނދުކައިރީ ހުރި ކަބަޑުމަތީ އެ ޒުވާނާ ގެންގުޅުނު ބޯތަށި ބެހެއްޓިއެވެ. އަދި އެ ބޯތަށީގައިވާ ސަމްސާ ނަގާ މިޝަލްގެ ތުންފަތުގައި ޖެއްސިއެވެ. މިޝަލްއަށް އެއީ ދިޔާކޮށް ފެންހެންހުރި އެއްޗެކަން ތުންފަތުގައި ޖެހުމުން އިހްސާސްވިއެވެ. މިޝަލްގެ އަނގައަށް އެފެންފޮދު ދިޔައީ ކިހިނެއްކަމެއް މިޝަލްއަކަށް ނޭގުނެވެ. އެއީ މިޝަލް އޭނާގެ ހަށިގަނޑުން އެއްވެސް ބަޔަކަށް އެއްވެސް ހަރަކާތެއް ނުގެންނާތީއެވެ. އޭނާ ތިންފަހަރަށް މިޝަލްގެ ތުންފަތުގައި ބިސްމިލާޚި ކިޔުމަށްފަހު އެ ސަމްސާ ޖެއްސިއެވެ. މިޝަލްގެ ހަށިގަނޑަށް އަރާ ބާރުގަނޑު ލުއިވި ކަމުގެ އިޙްސާސް ކޮންމެވެސް ވަރަކަށް އޭނާއަށް ކުރެވިގެން ދިޔައެވެ.
“އަހަރެން ފެނުނީމަ ވަރަށް ހައިރާންވޭދޯ، އަހަރެން ދަންނަން މިޝަލް، އަހަރެން މީ ކާކުކަމެއް ނޭނގިފަ ދޯ ތި އޮންނަނީ، އަހަނަށް ވަރަށް ކަމުދޭ މިޝަލް ރަނގަޅަށް އުޅެން މަސައްކަތް ކުރާތީ……” އޭނާ މިޝަލް އާއި ވަރަށްގިނަ ވާހަކަތައް ދައްކަމުން ދިޔައެވެ. ދުނިޔެވީ ވާހަކަތަކެވެ. އިންސާނުން ބަދަލުވެފައިވާ މިންވަރުގެ ވާހަކައެވެ. މިޝަލް އެއްވެސް ފޫހިކަމެއްނެތި ހިނިތުންވެލައިގެން އޮވެ ހުރިހާ ވާހަކައެއް އަޑުއަހަމުން ގެންދިޔައެވެ.
ޑޮކްޓަރ މިޝަލްގެ ވިންދު ބަލާލުމަށްފަހު މިޝަލް އަކީ ވަރަށް ނަސީބު ގަދަ ކުއްޖެކޭ ބުނުއްވިއެވެ. ސްޓްރޯކެއް ޖެހުމުން އެ ސަލާމަތްވީ ހަމަ ކިރިޔާކަމަށް ބުނެލެއްވިއެވެ. ހަފްސާ ގެ ދެލޮލުން ކަރުނަ ނުހިކެއެވެ. ނަމަވެސް އެ ޚަބަރު ލިބުމުން އުފާވިއެވެ. މިޝަލް އޮތީ ގަދަ ނިންޖަކުން ނިދާފައި އޮތް ކަހަލަގެ ގޮތަކަށެވެ. އެތަނުގައި މިޝަލްއަށް ވަމުން އެދާ އެއްވެސް ކަމެއް އިތުރު އެއްވެސް މީހަކަށް ނުފެނެއެވެ. ސާޝާ އިރުއިރުކޮޅާ ހަފްސާގެ ކޮޑުގައި ފިރުމާލައެވެ. ހަފްސާ މިޝަލްގެ ބޮލުގައި ފިރުމާލާނެއެވެ. އަދި މިޝަލްގެ މޫނުން ފެންނަމުން ދާ ހިނިތުންވުމަށް ބަލާލިއެވެ.
ފަތިސް ނަމާދަށް ގޮވި ވަގުތެވެ. އޭރު ބަންގީގެ އަޑު ހޮސްޕިޓަލާއި ހަމަޔަށްވެސް އިވެމުންދިޔައެވެ.
“ފަތިސް ނަމާދަށް އެގޮވީ، އަހަރެން ދެން ދަނީ، މިދަނީ ފަތިސް ނަމާދަށް ދާން، އަހަރެން އަންނާނަން މާދަމާ ރޭވެސް ބޭސް ހިފައިގެން. ހަމައެގަޑީގަ…” މިޝަލްގެ ގާތުގައި އެނދުގައި އިށީނދެލައިގެން އިން ޒުވާނާ ހިނިތުން ވެލަމުން ތެދުވިއެވެ.
މިޝަލްއަށް އިހްސާސް މިވަނީ ކޮންކަމެއްކަން ބުނެދޭކަށްނޭނގެއެވެ. އެކަމަކު އޭނާ ފެނުމުން ވަރަށް ހިތްހަމަޖެހުނުކަމާ، އޭނާގެ އެވާހަކަތަށް އަޑުއަހާ ދުވަހަކުވެސް ފޫހިނުވާނޭކަން މިޝަލްއަށް އެގެއެވެ. މަޑުހިނގުމެއްގައި މީހަކު ދާފަދައިން އޭނާ މިޝަލްއާއި ދުރަށް ގޮސް ގެއްލިޖެއެވެ. އޭނައާއެކު އެ އަލިކަންވެސް ދިޔައީއެވެ.
“މަންމާ” މިޝަލް އޭނާގެ މަންމައަށް ގޮވާލިއެވެ. އޭރު ހަފްސާ އޮތީ މިޝަލްގެ އެނދުގައި ބޯއަޅާލައިގެން ނިދިޖެހިފައެވެ. މިޝަލްގެ އަޑުއިވިފައި އޭނާ ދިޔައީ ސިއްސައިގެނެވެ. އަވަހަށް ނަރުސް ކުދިންނަށް ގޮވިއެވެ. އޭރު މިޝަލްގެ ހުންގަނޑު އެއްކޮށްހެން މަޑުވެއްޖެއެވެ. ނަމަވެސް މިޝަލްގެ މޫނުމަތިން މާޔުސްވިކަން ފާޅުވެގެން ދިޔައެވެ. ކީއްވެކަމެއް ނޭނގެއެވެ. ފަހަރެއްގަ މިޝަލްއަށް ފެނުނީ ހުވަފެނެއް ކަމަށް ހީވެފަކަމަށްވެސް ވެދާނެއެވެ. މިޝަލްގެ ސިކުނޑީގައި ވަނީ އެ ފެހި ދެލޯލީ މޫނެވެ. އޭނަގެ ހިތްހެޔޮކާމާއި، އޯގާތެރިކަމާއި މާތްކަމެވެ. އެއީ ހުވަފެނެއްނަމަ ހާދަހާ ތަފާތު މާނަތަކެއް އެކުލެވިގެންވާ ހުވަފެނެކެވެ. މިޝަލްގެ ޚިޔާލީ ދުނިޔެއިން ހޭވެރިކަންވީ ނަރުސް ކުއްޖާ އައިސް މިޝަލްގެ އަތުގައި އަތްލުމުންނެވެ. ޑޮކްޓަރ، މިޝަލް ގެއަށް ފޮނުވާލަން ބޭނުންވެ ލައްވަނީ އަދި އެއްދުވަހު ހޮސްޕިޓަލުގައި ބާއްވާލައިފައިކަމަށް ނަރުސް ކުއްޖާ ބުންޏެވެ. ހަފްސާގެ އެއްވެސް މައްސަލައެއް އެކަމުގައި ނެތެވެ. ހަފްސާ ބޭނުންވަނީ މިޝަލް ވީއެންމެ އަވަހަކަށް ރަނގަޅުވުމެވެ. ދަރިފުޅަށް ދުޅަހެޔޮ ސިއްޙަތެއް ލިބުމެވެ. އެހެންނަމަވެސް މިޝަލް ފޫހިވެގެން ހަލާކުވަނީއެވެ. ހަފްސާ މިޝަލްއަށް ކާއެއްޗެއް ދެވޭތޯ އުޅުނެވެ. ނަރުސް ކުދިން އައި.ވީ ނައްޓާލާކަށްވެސް ނޫޅުނެވެ. މިޝަލް ފޯނު ހޯދާތީ ސާޝާ އަބޭ ގާތުބުނެގެން ގެއިން ފޯނުގެނެސްދިނެވެ. މިޝަލް އަލައިނާ އަށް ގުޅާލިއެވެ. ނަމަވެސް މިޝަލްއަށް ފެނުނު ހުވަފެނުގެ ވާހަކައެއް އެކަކު ގާތުވެސް ނުދައްކައެވެ. މިޝަލް އެވާހަކަ އެކަކުކައިރީވެސް ދައްކަން ބޭނުންނުވަނީ ކީއްވެކަމެއް ޚުދު އޭނާއަކަށްވެސް ނޭނގެއެވެ. ސަބަބު ހޯދުން މުހިންމުވެސް ނޫނީއެވެ. މިޝަލް ހަމަޖެހިފައިވާ ވަރު ފެނުމުން ހަފްސާ ވަރަށް ހިތްހަމަ ޖެހުނެވެ. އަދި ސާޝާ ގެއަށް ފޮނުވިއެވެ. އެއީ މިޝަލް ހޮސްޕިޓަލުގައި އިތުރު ދުވަހަކު ބާއްވާތީވެ އޭނައަށް ބޭނުންވާނެ އެއްޗެހި ގެނައުމަށެވެ.
ހަވީރުގެ ވަގުތެވެ. ސާޝާ އެއްޗެހި ގެނެސްދިނުމުން މިޝަލް އިނީ ވަރަށް ތަޒާވެލައިގެންނެވެ. މިޝަލް އެނދުގައި އިށީދެލައިގެން ސާޝާއާ ހަފްސާ އާ ދެމީހުންނާ ވާހަކަދައްކަން އިނެވެ. ކުއްލިއަކަށް މިޝަލްގެ ލޮލުގައި އަޅައިގަތީ ވަދެގެން އަންނަތިންމީހުންނެވެ. މިޝަލްގެ މޫނުމަތި އުޖާލާވެގެން ދިޔައެވެ. އެމީހުން އަންނާނެ ކަމަކަށް މިޝަލް ހީވެސް ނުކުރެއެވެ.
“ޝެބީ……” އަލައިނާ އޭނާގެ އެކުވެރިޔާ ދެކިލަން ބޭނުންވެފައި ހުރިވަރު އޭނާގެ އަޑުންވެސް އެނގިގެން ދިޔައެވެ މަލަކާ އޭނާގެ ދެދަރިންނާއިއެކު މިޝަލް ދެކިލުމަށް ހޮސްޕިޓަލަށް ވަދެގެން އޭރު އާދެއެވެ. މިޝަލް އެނދުން ފޭބީ މަޑުމަޑުންނެވެ. އަތުގައި އައި.ވީ ގުޅާފައި ހުރުމާއެކުއެވެ. އަލައިނާ މިޝަލްގެ ގާތަށް އައިސް އޭނާ އުރާނުލީ ކިރިޔާއެވެ. މަލިކާ ފެނުމުން ހަފްސާ ވެސް ހިތްހަމަޖެހި އުފާވިއެވެ. ހަފްސާ ނެތްދުވަހެއް އައިސްފިނަމަ މިޝަލްގެ ދެވަނަ މަންމައަކަށް މަލަކާވާނެކަމާމެދު ހަފްސާއަށް އެއްވެސް ޝައްކެއްނެތެވެ. އަދި އެކަމާ ހަފްސާގެ ހިތުގައި އެއްވެސް ޝަކުވާއެއް ނުވެއެވެ. އެއީ މަލަކާ ނޫން ދެވަނަ މީހަކަށް މަންމައެއްގެ ލޯބި މިޝަލްއަށް އެންމެ ފުރިހަމަ ގޮތުގައި ނުދެވޭނެކަން ޚުދު ހަފްސާއަށް ވެސް އެނގި ޔަގީންވާތީއެވެ. ހަފްސާ ގޮޑިން ތެދުވެ މަލަކާ އާއި ސަލާމް ކޮށްލިއެވެ.
“ދަރިފުޅު ކިހިނެއްތަ؟” މަލަކާ މިޝަލްގެ އަތުގައި ފިރުމާލަމުން ބުނެލިއެވެ. މިޝަލް މިހާރު ރަގަޅު ކަމުގައި ޖަވާބު ދިނެވެ. އެހިނދު ހަފްސާ މަލަކާ ގޮވައިގެން ތަންކޮޅެއް ދުރަށްޖެހިލިއެވެ. މިޝަލް އަށް ވެގެން އުޅޭގޮތް ހަފްސާ އަށް އެނގިފައިވާ މިންވަރުން ކިޔާދިނުމަށެވެ. އޭރު މިޝަލް ހުރި އެނދާއި އެހާ ކައިރިވާން ނުކެރިފަ އާޚިލް ބަލަން ހުއްޓެވެ. އެވަގުތު އަލައިނާ އާޚިލްއަށް ކައިރިއަށް އައުމަށް ގޮވާލިއެވެ. މިޝަލް އާޚިލްއަށް އެތާހުރި ގޮނޑި ދައްކަމުން އިށިންނަން އެދުނެވެ.
“ޝެބީ ކިހިނެއްތަ؟” އާޚިލް އަހާލިއެވެ. ހަމަ އެހެން ބުނުމާއެކީ އަލައިނާ މަލާމާތުގެ ރާގަކަށް އާޚިލްއާ ދިމާކުރުމުގެ ގޮތުން ހޭންފެށިއެވެ.
“ލީން…ސާބަސް…” މިޝަލްއަށް އާޚިލްގެ ރަތްވަމުންދާ މޫނަށް ބަލާލަމުން ބުނެލެވުނެވެ.
“ހޫނ…ހޫނ….ދެން ދޮންބެ ތިގެނައި އެއްޗެއް ދީބާ ޝެބީ އަށް…” އަލައިނާގެ ބޭނުމަކަށްވީ އާޚިލްއާ އިތުރަށް ދިމާކޮށްލުމެވެ.
“ލީން….މަޑުން އިނދެބަލަ” އާޚިލް ތެދުވަމުން އަލައިނާއަށް ބުނެލިއެވެ. އަދި މިޝަލްގެ ގާތަށް ޖެހިލަމުން ލައިގެން ހުރި ޖިސްނުގެ ޖީބުގައިވާ އެތި ނަގާ މިޝަލްއަށް ދިއްކޮށްލިއެވެ. މިޝަލް ވަގުތުން އޭގައި ހިފިއެވެ.
“ވަރަށް ލޯބި، ސީރިއަސްކޮށް. އޯ! ހާދަ ކިއުޓޭ، ތެންކިޔު” މިޝަލް ޝުކުރުއަދާ ކުރިއެވެ. އާޚިލް، މިޝަލްއަށް ގެނެސްދިނީ ފޯނުގައި އެލުވާފަދަ އެތިކޮޅެކެވެ. އެއަށް އަމުނާލެވިފައި ހުރި އަކުރުތަކުން ވަނީ ގެޓް ވެލް ސޫން ޖަހާފައެވެ. މިޝަލް އަލައިނާ އަށް ދައްކާލީ ފޯނުގައި އޭތިކޮޅު ހަރުކޮށްލާފައެވެ. މި މަންޒަރުތައް ބަލަން ގޮނޑީގައި އިން އާޚިލް ވަރަށް އުފާވިއެވެ. އޭނަ މިޝަލްއަށް ހަދިޔާއަކަށް ދޭނެއެއްޗެއް ނޭނގި ހުރެ ގެނައި އެ ހަދިޔާ މިޝަލްއަށް އެހާ ކަމުދިއުމުންނެވެ.
ދުރުގައި މިޝަލްގެ ވާހަކަދައްކަން ތިބި ހަފްސާ އާއި މަލަކާ އިރުއިރުކޮޅާ ކުދިން ޖަހަމުންދާ ސަކަރާތައް ބަލާލައެވެ.
“ހަފްސާ، ރޭގަނޑު ޑިއުޓީ އޮންނަ ދުވަސް ދުވަހު އަހަރެން އާޚިލް ފޮނުވަންތަ މިޝަލް ގެއަށް ލާން” މަލަކާގެ ޚިޔާލު ކޮންމެވެސް ވަރަކަށް ހަފްސާއަށް ފާޅުކުރިއެވެ. ހަފްސާ މަލަކާއަށް އިތުބާރު ކުރާވަރު ޚުދު މަލަކާއަށް ވެސް އިނގެއެވެ. ވީމާ މަލަކާގެ ޙިޔާލަށް ހަފްސާ އާނބަސް ބުނާކަށް ގިނައިރުތަކެއް ނުވިއެވެ.
އިރުއޮއްސި އިށާނަމާދަށް ގޮވަންވާއިރަށް މަލަކާމެންގެ ޢާއިލާ މިސްރާބުޖެހީ ގެއާއި ދިމާލަށް ދާށެވެ. އެހެން ރޭރެއާ ޚިލާފަށް މިޝަލްގެ ހުންގަނޑު މައިތިރި ވެއްޖެއެވެ. މިރެއަކު ހުމުގެ އަސަރެއް އަދި ދައްކައެއް ނުލައެވެ. މިޝަލް އެނދުގައި އޮށޯވެލައިގެން އޮތްއިރު ހަފްސާގެ މޫނުމައްޗަށް ވަނީ ހިތްހަމަ ޖެހުމުގެ ކުލަވަރު އައިސްފައެވެ.
“މަންމާ ޕްލީސް، އަޅުގަނޑު ގެއަށް ފޮނުވާނީ ކޮންއިރަކުންތޯ؟ ޑޮކްޓަރު ދުރުވާނީ ކޮންއިރަކުންތޯ؟” ހަފްސާ ގެ ކައިރިއަށް މިޝަލްގެ މި ޝަކުވާތަކުން ހިނިއައެވެ. މިޝަލްއަށް އެނދުގައި އޮވެވެނީކީ ނޫނެވެ. އެކަހަލަ ގޮތަކަށް ރޭގަނޑު ނުވައެއް ޖަހަންދެން އުޅެނިކޮށް ޑޮކްޓަރުގެ ހިލަމެއް ވެއްޖެއެވެ. ނަރުސް ކުއްޖަކާ ޑޮކްޓަރު އައިސް މިޝަލްގެ އެނދުކައިރިއަށް މަޑުކޮށްލިއެވެ. ނަރުސް ކުއްޖާ ދިއްކޮލި ފައިލް ބަލާލުމަށް ފަހު މިހާރު ކިހިނެއްތޯ ޑޮކްޓަރު މިޝަލް ގާތު އައްސަވާލެއްވިއެވެ. މިޝަލް ވަރަށް ރަނގަޅޭ ބުނި ގޮތުންވެސް ޑޮކްޓަރަށް މިޝަލް އެތަނުން ދާން ބޭނުންވެފައި ހުރިވަރު އެނގުނީ ކަންނޭނގެއެވެ. ނަރުސް ކުއްޖާ ގޮވައިގެން ދުރަށްޖެހިލުމަށްފަހު ވާހަކަތަކެއް ދާއްކާފަ ޑޮކްޓަރު ދުރުވީ ބޭރަށެވެ. ނަރުސް ކުއްޖާ އައިސް މިޝަލްގެ އަތުގައި ގުޅާފައިވާ އައި.ވީ ނައްޓަން ފެށިއެވެ. ހަފްސާ ކައިރީ އެނަރުސް ކުއްޖާ މިޝަލް ގެއަށް ފޮނުވާލަނީ ކަމުގައި ބުންޏެވެ.
ހަފްސާ އަށް މިޝަލް ގޮވައިގެން ގެއަށް އާދެވުނު އިރު އެގާރަ ޖަހަނީއެވެ. މިޝަލް ގެއަށް ވަންގޮތަށް ދުވެފައިގޮސް އޭނާގެ ކޮޓަރީގެ ދޮރުހުޅުވާލުމާއިއެކު އެނދުމައްޗައް ވެއްޓިގަތެވެ. މިޝަލްގެ ހުރިހާ އެއްޗަކީވެސް އެކޮޓަރިއެވެ. މިޝަލް ބާލިސް ތަކުގައި ބައްދާލިއެވެ. އަދި ކޮޓަރިން ވަސް ބަލާލާފަދަ ގޮތަށް ނޭވާ އެތެރެ ހައްޓަށް ދަމާލުމަށްފަހު ބޭރުކޮށްލިއެވެ. މިޝަލްއަށް ސާޝާ ދޮރުމަތީގައި ހެވިފައި ބަލަން ހުރިކަން ފާހަގަ ކުރެވުނީވެސް ދެނެވެ. ސާޝާވަނީ މިޝަލްގެ ކޮޓަރި ތެރޭގައި ހުރި ހުރިހާ އެއްޗެއް ސާފުކޮށް ތަރުތީބު ކުރުމުގެ އިތުރުން އެނދުގައިވާ ބެޑްޝީޓު ވެސް ބަދަލު ކޮށްދީފައެވެ.
މިޝަލް ހަފްސާ އާއިއެކު ލުއިކާއެއްޗެ ކާލުމަށްފަހު ސިޓިންރޫމްގައި މަޑުކޮށްލީ ސާޝާ އާއިއެކު ޓީވީ ބަލާލާށެވެ. ހަފްސާ މަޑުކުރުމެއްނެތި އޭނާގެ ކޮޓަރިއަށް ނިދަން ދިޔައެވެ. އޭނައަށް މިޝަލް ހުންއައިފަހުން އަދި އެއްވެސް ވަރަކަށް އަރާމުކޮށްލާނެ ވަގުތެއް ނުލިބެއެވެ. މިޝަލް ރަގަޅުވެފައި ހުރިވަރު ފެނިފައި ހަފްސާ ވެސް ބޭނުންވީ ނިދާލާށެވެ. އަދި މިޝަލްއަށް ކަމެއްވެދާނެތީ ސާޝާ މިޝަލްގެ ކޮޓަރީގައި ނިދުމަށް ބުންޏެވެ. ސާޝާއަކަށް ވެސް މާގިނައިރަކު ނީނދެވުނެވެ. ނިދިއައުމުން ސާޝާ ތެދުވެގެންގޮސް މިޝަލްގެ ކޮޓަރިއަށް ގޮދަޑިއެއްވައްދާ ތަންމަތިއެޅިއެވެ. އޭރު ގޭގައި އުޅޭ އަބޭ ވެސް ނިދަން ގޮއްސިއެވެ. މިޝަލް އަދި ނިދި ނާންނާތީ ސޯފާގައި އޮށޯވެލައިގެން ޓީވީން ދައްކަމުން ދިޔަ ފިލްމެއް ބަލަން އޮތެވެ.
ކުއްލިއަކަށް ސިއްސައިގެންދިޔަ މީހެއްފަދައިން މިޝަލް ސޯފާއިން ތެދުވިއެވެ. އަދި ސިޓިންގ ރޫމް ފާރުގައި އިންގަޑިއަށް ބަލާލެވުނެވެ. އޭރު ދޭއްޖަހާ ބޮޑުވަނީއެވެ. މިޝަލްގެ ހަށިގަނޑަށް ފިނިވަނީއެވެ. މަޑުމަޑު ހުމެއްގެ އަސަރުވެސް ހަށިގަނޑުގައި ހުއްޓެވެ. މިޝަލްއަށް ޓީވީ ބަލަން އޮއްވާ ނިދުނީ ކޮންއިރަކު ކަމެއް ނޭނގެއެވެ. މިޝަލް ހިނގައިގަތީ ކޮޓަރިއަށް ދިއުމަށެވެ. ހުންއަންނަ ވާހަކަ އެކަކު ކައިރީވެސް ބުނާކަށް މިޝަލް ބޭނުމެއް ނުވިއެވެ. އެއީ ހޮސްޕިޓަލަށް އަނެއްކާވެސް ދާންޖެހިދާނެތީއެވެ. މިޝަލް މަޑުމަޑުން ކޮޓަރިއަށް ވަނެވެ. އޭރު ސާޝާ މިޝަލްގެ އެނދުކައިރީ ގޮދަޑިއެއް ބާއްވައިގެން ނިދާފައިއޮތެވެ. މިޝަލް އެނދުގައި އޮށޮންނަމުން އެނދުގައި އޮތްރަޖާނަގާ ގައިގާ އަޅާލިއެވެ.
މިޝަލް ތުރުތުރު އަޅައަޅާ އޮތް އަތުން ރަޖާގައި ބާރަށް ހިފަހައްޓާލައިގެން އޮތްއިރު ކުޑަކޮށް ނިދެމުން ދާކަމުގެ އިޚްސާސް ވާންފެށިއެވެ. މިޝަލް އަށް ރަނގަޅަށް ނުނިދި ދެބަދޭތެރޭގައި ވީޙާލުގައި މުޅިކޮޓަރި އަލިވެގެން ދިޔަތަން ފެނުނެވެ. މިޝަލްއަށް ދެލޯބޮޑުކޮއްލަމުން ބަލާލެވުނެވެ. ކުރިން ފެނުނު ރީތި ޒުވާނާ އާދެތޯއެވެ.
“އޭނަ ބުނިފަދައިން މިރޭވެސް އައިތާއެވެ.” މިޝަލްގެ ހިތަށް އެރިއެވެ. އަދި ކައިރިވަމުން އަންނަ އެ ރީތި ޒުވާނާއަށް ބަލަންއޮތެވެ. އޭނަ ފެނުމުން މިޝަލްއަށް ބުނެދޭންނޭނގޭ ވަރަށް ގިނަ އިޚްސާސް ތަކެއް ކުރެވެއެވެ. އެޒުވާނާގެ މޫނުމަތީގައި ވަނީ ފަނޑުހިނިތުން ވުމެކެވެ. އޭނައައިސް ކުރިން ރޭގައިވެސް ކަންތައްތައް ކުރިފަދައިން ކޮށްފިއެވެ. މިފަހަރުވެސް މިޝަލް އޮތީ އެއްވެސް އެއްޗެއް ނުބުނެ އޭނައަށް ބަލާށެވެ. އޭނަދައްކާ ވާހަކަތައް ފޫހިވުމެއްނެތި އަޑުއަހާށެވެ. އެޒުވާނާ ދިޔައީ ފަތިސް ނަމާދުގެ ބަންގިއަށެވެ. އޭނަ ދިޔައިރު މިޝަލްގެ ޚާލު މުޅިންހެން ރަނގަޅު ވެއްޖެއެވެ. މިޝަލް އަށް ފުންމައިގެން ތެދުވެވުނެވެ. އަދި މުޅި ކޮޓަރިތެރެ ހޯދާލެވުނެވެ. އަވަހަށް އެނދުން ފައިބައިގެން ގޮސް ފާރުގައި ވާ ސްވިޗް ޖައްސާލުމާއިއެކީ ކޮޓަރިތެރެ އަލިވެގެން ދިޔައެވެ. އެކަމަކު މިޝަލް އަށް އެޒުވާނާއެއް ނުފެނުނެވެ. ކުޑަދޮރާ ދިމާލަށްވެސް މިޝަލް ބަލާލިއެވެ. އެއީ އޭނަ ވަނީ ކުޑަދޮރުންކަމަށް ވެދާނެތީއެވެ. މިޝަލް އަށް ލިބުނީ އިތުރު ހައިރާންކަމެކެވެ. ކޮޓަރިއަށް އޭނައަށް ވަދެވޭނެ ގޮތެއްވެސް ނެތެވެ. ދެން އެއީ ކާކުބާއެވެ. އޭނާ މީޝެލްގެ ކައިރިއަށް އަންނަނީ ކިހިނެއްބާއެވެ. އެއީ ވާހަކަ ފޮތްތަކުގައި އެވާފަދަ ޕަރީއެއް ބާއެވެ. މިޝަލްގެ ސިކުނޑީގައި ވަރަށް ގިނަސުވާލުތައް އެނބުރިގަތެވެ.
މިޝަލް އާދައިގެ މަތިން ފަތިސް ނަމާދަށް އެރިއެވެ. އަދި އިރުގެ އަލިކަން ފާޅުވުމާއި ދޭތެރޭ ޤުރުޢާން ކިޔެވުމަށް އިނެވެ. އާ ދުވަހަކާއިގެން އިރުގެ ދޯދިތައް ދުނިއަށް ދައްކާލިއެވެ. އެކަމަކު މިޝަލްގެ ހިތްވަނީ ނުތަނަވަސްވެފައެވެ. މިޝަލްއަށް ދެރޭގެ މަތިން މިދިމާވީ ކޮންކައްތައްގަޑެއް ކަމެއް މިޝަލްއަކަށް ވިސްނާ ވިސްނާވެސް ނޭނގުނެވެ. މިޝަލް އަށް މިހާރުވެސް އެޒުވާނާގެ އެރީތި މޫނާ ފެހިކުލައިގައިވާ ދެލޯ ފެންނަ ކަހަލައެވެ. މިޝަލް މިވާހަކަތައް އެކަކު ކައިރީވެސް ދައްކާކަށް ބޭނުމެއް ނުވިއެވެ. އެއީ މާ ހަމަޖެހޭ ވާހަކަތަކެއްހެން މިޝަލްއަށް ހީނުވާތީއެވެ. އެމީހާ އަންނަނީ ކިހިނެއްކަމެއް ޚުދު މިޝަލްއަށްވެސް ބުނެދޭން ނޭނގޭތީއެވެ. އަދި އެކަކުވެސް މި ވާހަކަތައް ޤަބޫލުކުރާނެކަމެއް ވެސް ނޭނގޭތީއެވެ.
މުޅިދުވަހު މިޝަލްގެ ގިނަވަގުތު ހޭދަކުރީ ކޮޓަރީގައެވެ. އަލައިނާ މިޝަލްގެ ހާލުބެލުމަށް ދެތިން ފަހަރު ގުޅާލިއެވެ. އަލައިނާއަށް މިޝަލްގެ ފަރާތުން އިވިގެން ދިޔައީ ފޫހި ކަމާއި ކަންތައްތަކަށް ޝައުގުވެރިކަން ގެއްލިފައިވާ ކަމުގެ ޖުމްލަތެކެވެ. އެހެންވެ މިޝަލް ގެއިން ބޭރަށް ނެރެވޭތޯ ވަރަށް މަސައްކަތް ކުރިއެވެ. އޭގެ ބަދަލުގައި މިޝަލް އަލައިނާއަށް އެގެއަށް އައުމަށް ދައުވަތުދިނެވެ. މިޝަލްގެ ގާތަށް ދިއުމުން އޭނާ ހަމަޖެހިދާނެކަމަށް އަލައިނާ ހީކުރިއެވެ. އަދި އެގެއަށް ދާން އަވަސްވެ ގަތެވެ.
“އޭތް! ޝެބީ” ސޯފާގައި އިން މިޝަލް ދޮރާދިމާލަށް ބަލާލުމަށް އެވަގުތު އެނބުރިލިއެވެ. އޭރު އަލައިނާ ވަންނަނީއެވެ.
“މިއޮތީ މަންމަ ދިން ކާއެއްޗެ، އަޅެ ގެސްކޮށްބާ މީ ކޯޗެއްކަން” އަލައިނާ ވަރަށް ހިނިއައިސްފައި އަތުގައި އޮތް ކޮތަޅު ސާޝާއަށް ދިއްކޮލަމުން މިޝަލްއާއި ސުވާލުކުރިއެވެ.
“ހޫމް…ޕުޑިންދޯ” މިޝަލް ވިސްނާލާފަ ބުނެލިއެވެ. އަލައިނާ މިޝަލްއަށް ބޯޖަހާލަމުން ސޯފާގަ އިށީނެވެ.
“ދެން ކޮންއިރަކުންތަ ޑިއުޓީއަށް ނިކުންނާނީ، ޝެބީ ނެތީމަ ހާދަ ފޫއްސޭ” އަލައިނާ ބުނެލިއެވެ.
“އިންޗަރޖްއަށް މެސެޖް ކުރީމަ އޮތް ހެނދުނު ޑިއުޓީއަށް ނިކުންނާށޭ ބުނެފަ، ލީން މިއަދު އޮފެންނު، ދެން އެންމެ އަވަހަށް ނިކުންނަ އިރު މަވެސް ޑިއުޓީއަށް ނުކުންނާނަން” މިޝަލް ޖަވާބުދިނެވެ.
އަލައިނާގެ އާދޭހާ އެކީ މިޝަލް ގެއިން ބޭރަށް ނިކުތެވެ. ހަވީރުގެ ވަގުތަށްވެފައި މަގުތަކުގައި ވަރަށް މީހުންގިނައެވެ. ގިނަކަމަށް ފާހަގަކުރެވެނީ ކުޑަކުދިން ގޮވައިގެން ހިނގާލަން ނިކުމެ އުޅޭމީހުންނެވެ. އަލައިނާ އާއި މިޝަލް ގެ މިސްރާބު ހުރީ ގޮނޑުދޮށާ ދިމާލަށެވެ. އަތިރިމައްޗާއި ގެއާއި ކައިރިވުމާއިއެކު މާދުރަށް ހިނގާކަށް ނުޖެހުނެވެ. މިޝަލް ރާޅުޖަހާ އަޑުއަހަން ހަމަހިމޭންކަމާއިއެކު ހުއްޓިލައިގެން ހުރިގޮތަށް ހުއްޓެވެ. ނަމަވެސް އޭނަ ވިސްނަމުން އެދަނީ ދެން އެ ޒުވާނާ ފެންނާނެ އިރަކަށެވެ.
މިޝަލް ފައިވާން ނަގާ އަތަށް ލުމަށްފަހު ރާޅުޖަހާ ހިސާބުގައި ހިނގަންފެށިއެވެ. އޭރު އަލައިނާ ދައްކަމުންދާ ވާހަކަތަކަށް މާބޮޑު ސަމާލުކަމެއް މިޝަލްއަކަށް ނުދެވެއެވެ. އެހެންނަމަވެސް އޭނާގެ ވާހަކަތަކަށް އާނ ހޫނ ލައްވަމުން މިޝަލް ދިޔައެވެ. އޭނާ ހިނގަމުން ދިޔައިރު އޭނަގެ ނަޒަރުވަނީ ދެފައިތިލަޔަށް ހުއްޓިފައެވެ. ގޮނޑުދޮށަށް ބީއްސާލާ ރާޅުތައް ބައެއްފަހަރު އައިސް މިޝަލްގެ ދެފައިތިލަ ތެތްމާލާފައި ދަނީ މިޝަލްގެ ތުންފަތަށް ލުއިލުއި ހިނިތުންވުމެއް ވެރި ކުރުވާފައެވެ. މިޝަލްގެ ސިކުނޑީގައި ހިނގަމުންދިޔަ ޚިޔާލްތަކާއި ދުރަށްދިއުމަށް މަޖުބޫރު ކުރުވީ އަލައިނާ ގެ ހަރަކާތުންނެވެ.
“ޝެބީ ބަލާބަލަ…. ތަންކޮޅެއް ދުރުގަ ކެމެރާއެއް ހިފައިގެން އޭނދީނު. ސަޅި ދޯ” އަލައިނާ މިޝަލްގެ އަތަށް ދަމާލަމުން ދުރުގައި އެއްފައިމައްޗަށް ތިރިވެލައިގެން އިން ފިރިހެން ކުއްޖެއް ދައްކަން މަސައްކަތް ކުރިއެވެ. މިޝަލް އިސްއުފުލާ ބަލާލީ ދެނެވެ. މަޑު ނޫކުލައިގެ ޓީޝާޓެއް ލައިގެން އިން ފިރިހެން ކުއްޖެކެވެ. އަޅަން ގެންގުޅޭ އަވިއައިނު ބޮލުގައި ބައިންދާލާފައި ހުއްޓެވެ. އޭނަގެ އަތުގައިވާ ކެމެރާ ފެނުމުން ބޮޑަށް ވައްތަރުވެގެން ދިޔައީ ފޮޓޯގްރަފަރަކާއެވެ. މިޝަލް ދެން ބަލާލީ އަލައިނާއަށެވެ. އޭނާގެ މޫނު މަތިން އެ ފިރިހެން ކުއްޖާއަށް ޝައުގުވެރިވެފައިވާ މިންވަރު ފާޅުވަމުން ދިޔައެވެ.
އަލައިނާ އެތާނގައި މަޑުކޮށްލުމަށް މިޝަލްއަށް ޚިޔާލުދިނެވެ. އަލައިނާގެ ބޭނުމަކަށް ވީ އެ މަޑުނޫކުލައިގެ ޓީޝާޓުލައިގެން ޕޮޓޯނަގަން އުޅޭ ފިރިހެން ކުއްޖާގެ ހަރަކާތްތައް ހުރި ގޮތް ބަލާލުމެވެ. މިޝަލް ވެސް އަލައިނާ އުޅޭގޮތުން ހިނިއައިސްފައި ގޮނޑުދޮށުގައި ޖަހާފައި ހުރި ބަސްތާތަކުން ބަސްތާއެއް މަތީ އިށީނެވެ. މިޝަލް އިނީ ފައިގާ ހަރުލާފައިވާ ވެލިތައް ފޮޅާ ފައިވާނަށް އަރާށެވެ. އަލައިނާ އަށާ މިޝަލްއަށް ސިހުމެއް ލިބުނީ އެއްކަލަ ފިރިހެން ކުއްޖާ ކުއްލިއަކަށް އެމީހުންގެ ފޮޓޮއެއް ނެގި އަޑަށެވެ. މިޝަލް ކުއްލިއަކަށް ތެދުވެ ދުރަށް ހިގައިގަތުމުން، އަލައިނާ ވެސް މިޝަލްއާއިއެކީ ތެދުވެ އޭނާގެ ފަހަތުން ހިނގައިގަތެވެ.
“އޭނަ އަހަރުމެންގެ ފޮޓޯ ނަގަނީ ކީއްވެތަ، މަށަށް ހީވަނީ ލީން އޭނައަށް ބަލާވަރުންހެން، އެހެންނުވާނީ، ލީން ހީވަނީ އޭނައާއި ފްލާރޓް ކުރާހެން ވިއްޔާ” މިޝަލް އަލައިނާ އާއި ދިމާކޮއްލަމުން ބުނެލިއެވެ. އަލައިނާ ފަހަތައް އެނބުރި ބަލާލިއެވެ. އޭރު އެ ފިރިހެންކުއްޖާ މަޑު ދުވުމެއްގައި އައިސް އެމީހުންނާއި އަރާ ހަމަ ކުރަނީއެވެ.
“ޝެބީ އޭނަ އަހަރުމެންގެ ފަހަތުން އެ އަންނަނީ، އަހަރެން ވަރަށް ނާރވަސްވޭ އެބަ” އަލައިނާ މިޝަލްގެ އަތުގައި ހިފާ ބާރުކޮށްލަމުން ބުނެލިއެވެ.
“ސާބަސް، އޭނަ އެއަންނަނީ ލީން ކާލަންތައް” މިޝަލް އަލައިނާއަށް ކުދިކިޔާލިއެވެ.
“ރުޅި އައީތަ؟” މިޝަލްއަށް އިތުރަށް އެއްޗެއް ނުބުނެވެނިސް އެ ފިރިހެން ކުއްޖާ އަރާހަމަކޮއްފައި އަހާލިއެވެ. އޭރު އޭނާ ގެންގުޅުނު ކެމެރާ ކަރުގައި އަޅުވާލައިފައި އޮތެވެ. މިޝަލް އެއްވެސް އެއްޗެއް ނުބުނުމުން އަލައިނާ ނޫނެކޭ ބުންޏެވެ.
“އަހަންނަށް ކިޔަނީ ރެހާން” އެފިރިހެން ކުއްޖާ އަމިއްލައަށް ތަޢާރަފްވެލުމުގެ ގޮތުން އޭނާގެ ނަން ބުނެލިއެވެ.
“ހުޅުމާލޭގަތަ އުޅެނީ؟” އަލައިނާ ނުހުރެވިގެން އަހާލިއެވެ.
“އާނ، އަދި މަހެއްވެސް ނުވާނެ މިކޮޅަށް އައިތާ، މީ އަހަރެންގެ ހޮބީ، ތިދެކުދިން ތިބިލެއް ރީތިވީމަ ހަމަ ފޮޓޮއެއް ނެގާލާހިތްވީ” ރެހާން ވާހަކަދައްކަމުން އަލައިނާ އާއި މިޝަލް އާއި އެއްވަރަސް ހިނގަމުން އައެވެ.
މިޝަލް ކުއްލިއަކަށް ގެއަށް ދާން ވަރަށް ބޮޑަށް ބޭނުންވިއެވެ. ކީއްވެކަމެއް ނޭނގުނަސް މިޝަލްގެ ހިތަށް ނުތަނަވަސްކަން ވެރިވަމުން ދިޔައެވެ. އޭނާގެ ގެ ފެންނަ ހިސާބަށް އާދެވުނު އިރު އަލައިނާ އާއި ރެހާންއަކީ ދެ ރަޙްމަތްތެރިން ފަދަ އެވެ. ވާހަކަދައްކަމުން ދިޔައީ އެހާވެސް ގާތްކޮށެވެ.
“އަދި ނަން ނުބުނަމެންނު، ކޮންނަމެއްތަ ކިޔަނީ؟ ރެހާން އަހާލިއެވެ. އަލައިނާ އޭނާގެ ނަންބުންޏެވެ. އެކަމަކު ރެހާން މަޑުކޮށްގެން ހުރީ މިޝަލްގެ ޖަވާބަކަށެވެ.
“މީ މިޝަލް” އަލައިނާ ރެހާނަށް ބުނެދިނެވެ.
“ދެން ދަނީ” މިޝަލް ގެއާއި ހަމައަށް އާދެވުމާއިއެކުހެން އަވަހަށް ބުނެލިއެވެ.
“ދެން ދަނީ ދޯ، ހިތަށް އަރާ މާދަމާ ވެސް ތި ރީތި ދެކުދިން ފެންނާނެނަމައޭ” ރެހާން އުންމީދާއެކު މިޝަލް އަށާއި އަލައިނާއަށް ބަލާލިއެވެ. ރެހާން އެ ދިނީ ދައުވަތެއް ކަމެއް ނޫނީ މަޖަލަކަށް ބުނެލި ބުނެލުމެއް ކަމެއް ނޭނގެއެވެ. އަލައިނާ ނިކަން ބޮޑަށް ތުންފަތް ދަމާލަމުން ރެހާނަށް ހިނިތުންވެލިއެވެ.
އިރުއޮއްސުމުގެ ރަތްވިލާތައް އުދަރެހުން މަޑުމަޑުން ފިލާ ކަޅުއަނދިރިކަން ފެތުރެމުންދިޔައެވެ. މިޝަލް އާއި އެކީ އަލައިނާ ވެސް އެ ގޭގައި އުޅުނެވެ. އަލައިނާ އައިސްއަލަމާރީގައި ޖޫސް އަޅައިފައި ހުރި ޖަގަކުން ޖޫސް ތަޓެއް އަޅަން ހުއްޓެވެ. މިޝަލް އިނީ ސޯފާގައެވެ.
“ޝެބީ ހާދަ ރޫޑް އޭ، ކީއްވެތަ އޭނަ ވާހަކަދެއްކީމަ އެއްޗެއް ނުބިނީ” އަލައިނާ ޝަކުވާކޮއްލިއެވެ.
“އަހަރެން އެއްޗެއް ބުނާތަނުން އޭނަ މަށަށް ސެޓުވެއްޖެއްޏާ ލީން މާދެރަވާނެ، އެހެންވެ އެއްޗެއް ނުބުނީ” މިޝަލް އަލައިނާގެ ހިތްހަމަޖައްސާލުމަށް ބުންޏެވެ. އަލައިނާ ވަގުތުން ހޭންފެށިއެވެ.
“ރެހާން… ރީތި ނަމެއްދޯ، އޭނަވެސް އެހާ ރީތި. ނޫންތަ ޝެބީ” އަލައިނާ ޖޫސް ތައްޓާއިއެކު އެނބުރިލިއެވެ. އަލައިނާގެ މޫނުމަތިން އުފާވެރިކަން ފެންނަން ހުއްޓެވެ. ކުއްލިއަކަށް އަލައިނާގެ މޫނުގެ ކުލަވަރު ބަދަލްވިއެވެ. އަދި މިޝަލްއަށް ބަލާލިއެވެ. އަދި މިޝަލް ބުނި ކުރިން ބުނި ވާހަކައަށް ރައްދުދޭން ބޭނުންވިއެވެ.
“ނޫން، ރެހާން ޝެބީއަށް ސެޓުވެދާނެތިއެއްނޫން ވާހަކަދައްކަ ނުދައްކާ ހުރީ، އަޅެބުނެބަލަ، ޝެބީ ކޮންމެވެސް ކަމަކާ ވިސްނަނީ ދޯ، އަނެއްކާ ކިހިނެއްވީ، އަހަންނާ ޝެއަރ ނުކުރާ ކަމެއް އޮތީތަ” އަލައިނާ މިޝަލްގެ ގާތުގައި އިށިންނަމުން އަހާލިއެވެ.
“އަހަރެންގެ ހުރިހާ ވާހަކައެއްވެސް ލީންއާއި ޝެއަރ ކުރަމުން މިއަންނަނީ، މި ވާހަކަތައްވެސް ކިޔާދޭންވީބާ، އަހަރެންގެ ހިތަށް ހަމަޖެހުމެއްލިބޭނީ އޭރުން ކަންނޭނގެ” މިޝަލްގެ ހިތަށް އެވަގުތު އަރަމުންދިޔައެވެ. އަދި އެވާހަކަތައް ކިޔާދޭން ނިންމިއެވެ.
“ޝެބީ ކިހިނެއްވެފަތަ ތި އިންނަނީކީ، މިއަދު އެއްކޮށް ތިއުޅެނީ މޫޑީ ވެގެން. ބުނެބަލަ ވެގެން އުޅޭ ގޮތެއް، އޭރުން އެނގޭނީވެސް، އަހަރެން ގާތު ނުބުނެވޭވަރު ވާހަކައެއް އޮތީތަ؟” އަލައިނާ އަނެއްކާވެސް ސުވާލުކުރިއެވެ.
“ލީން، އަހަރެން ހުންއައިސްގެން އުޅުނުއިރު ވަރަށް އެހެން ކަހަލަ ކަމެއް ވި، އަހަންނަށް ބޭސް ދޭން ވެގެން މިދިޔަ ދެރޭވެސް މީހަކު އަންނަނީ، އެނގޭތަ، އެއީ ވަރަށް ރީތި ޒުވާނެއް، މިހެން ބުންޏަސް ރީތި ކަމުން ފުރިގެންވާ ފިރިހެނެއް އެއީ، އޭނަގެ ކަޅި ހުންނަނީ ފެހިކުލައިގަ، އަހަންނަށް އަދި އޭނަގެ މޫނު ނޫން އެހެންތަނެއް ނުފެނޭ، އޭނަ އައިސް އަހަންނާ ވަރަށް ގިނަ ވާހަކަދައްކާ، އަދި އެނގޭތަ! އޭނަ ކޮންމެ ރެޔަކުވެސް ދަނީ ފަތިސްނަމާދަށް ގޮވީމަ، އޭނަ ބުނޭ އޭނަ ފަތިސް ނަމާދަށް ދާންށޯ މިދަނީ، އަދި އަހަރެން ކައިރީވެސް ރަނގަޅަށް އުޅޭށޭ ބުނޭ، ލީން، އަހަރެން ވިސްނާ ވިސްނާ ވެސް މީ ކޮން ކަންތައް ގަނޑެއްކަމެއް ނޭނގުނު، އެހާ ރީތި އިންސާނެއް އަހަރެން ނުދެކެން. އަނެއްކާ އެއީ ހުވަފެނެއްކަމެއް ހަޤީޤަތެއްކަމެއް އަހަންނަކަށް ބުނެދޭކަށް ނޭނގޭ. އޭނަ އަންނައިރު މުޅިތަން ވެސް އޮންނަނީ އަލިވެފައި، އަޅެ ލީން ބުނެބަލަ، ކޮންކަހަލަ ކަމެއްތަ އެއީ” މިޝަލް ވާހަކަތައް ނިންމާލިއިރު އޭނަގެ ނުތަނަވަސްވެ ސުވާލު އުފެދިފައިވާ މޫނު އަލައިނާއަށް ފެނުނެވެ.
“ތިވާނީ ޖިންނިއެއް ކަމަށް” އަލައިނާ މިޝަލްގެ ވާހަކަތައް ކަނުލާއަޑުއެހުމަށްފަހު ވިސްނަން އިދެ ބުނެލިއެވެ. މިޝަލްއަށް އަލައިނާގެ މޫނުމަތިން ފެންނަންހުރި ސީރިއަސް ކަމާއި އެބުނިއެއްޗަކުން ވަރަށް ބޮޑު ހައިރާންކަމެއް ލިބުނެވެ. އަދި އަލައިނާ އެ ބުނިއެއްޗަކަށް ވިސްނަން އިނދެވުނެވެ. އިރުކޮޅަކުން މިޝަލްގެ ކޮޑުގައި ހިފާ ތަޅުވާލަމުން އަލައިނާގެ ހިނިގަނޑު ފަޅައިގެންދިޔައެވެ.
“ސާބަސް ހަމަ ޝެބީއަށް، ދެން އެހެންވާނެތަ، ތިވާނީ ޝެބީ ބަލިވެ އުޅޭތި ރަނގަޅުވާންވެގެން ފެނުނު ހުވަފެނަކަށް، ދެން އެފެނުނީ ޝެބީގެ ޑްރީމް ބޯއީ، އެވަރު ކަމަކާ ތިވަރު ވާކަށް ނުވާނެ، ތީ އެއްވެސް ހަޤީޤަތެއް ނޫން، ޝެބީވެސް ހާދަ މޮޔައޭ ދޯ” އަލައިނާ ހެމުން ހެމުން ބުންޏެވެ.
“އެކަމަކު….” މިޝަލްއަށް ބުނެލެވުނެވެ. ނަމަވެސް އެވާހަކަތައް އިތުރަށް ދެއްކުމަކީ ބޭކާރުކަމެއްކަން ވިސްނުމުން ބުނަން އުޅުނު އެއްޗެއްގެ މަތިންވެސް އޭނާ ހަނދާން ނައްތާލީއެވެ.
މަޤްރިބު ނަމާދަށް ގޮވާ ދިޔައިރުވެސް މިޝަލް އާއި އަލައިނާ ވާހަކައިގައި ސޯފާގައި ތިއްބައެވެ. ނަމާދުގެ މަތިން މިޝަލްއަށް ހަނދާންވުމާއިއެކު އޭނާ ތެދުވީ ވަގުތު ފާއިތުވުމުގެ ކުރިން އަލައިނާ ގޮވައިގެން ނަމާދު ކޮށްލުމުގެ ބޭނުމުގައެވެ. ދެކުދިން އެކީގައި ވަނީ މިޝަލްގެ ކޮޓަރިއަށެވެ. އިށާ ނަމާދަށް ގޮވުމުގެ ކުރިން މަޤްރިބު ނަމާދު ކޮށްލެވުނީ ހަމަކިރިޔާއެވެ.
ސާޝާ ރޭގަނޑުގެ ކެއުމަށް މޭޒުމަތި ތައްޔާރު ކުރަމުން ދިޔައެވެ. އަލައިނާ އާއި މިޝަލް މޭޒުދޮށުގައި އިށީނދެ ތިއްބެވެ. އަލައިނާ އިނީ ފޯނެއްގައެވެ.
“ދޮންބޭ ޕްލީސް، ލީން ބަލާ އައިސްދީބާ، މީނީ ޝެބީ މެންގޭގަ” އަލައިނާ ފޯނުން އާޚިލް އާއި ވާހަކަދައްކަމުން ދިޔައެވެ. ރޭގަނޑުގެ ކެއުން ނިމުނީ ހަފްސާގެ ވެސް ހާޒިރުގައެވެ. މިޝަލް ވަރަށް އުފާވިއެވެ. އަލައިނާ ގެއަށް ދިޔައީ އާޚިލް ބަލާ އައުމުންނެވެ. އަލައިނާ ދަމުން މިޝަލްއަށް ހެނދުނު ގުޅާނެ ވާހަކަ ބުނެލިއެވެ.
މިޝަލް އިނީ އެނދުގައި ދެފައި ވައްކޮށްލައިގެން ލެޕްޓޮޕް ހިފައިގެން ފޭސްބުކް އަށް ވަދެއެވެ. އެހެން އިނދެވުނީ ކިހާ އިރަކު ކަމެއް މިޝަލްއަށް ވެސް ނޭނގުނެވެ. ވަރުބަލިވެ ނިދިއަންނަން ފެށުމުން މިޝަލް އޮށޯތީ ނިދާށެވެ. ސާޝާ މިރޭ ނިދީ އޭނަގެ ކޮޓަރީގައެވެ. މިޝަލްގެ ޚާލު މިހާރު ރނަގަޅު ވީމައާއި އެކީގައެވެ.
ގަދަ ނިންޖަކުން ނިދިފައި އޮތް މިޝަލްއަށް ހޭލެވުނީ މީހަކު ގޮވާހެން ހީވެގެންނެވެ. މަޑު މަޑުން ހުޅުވާލި މިޝަލްގެ ދެލޯ ކުއްލިއަކަށް ބޮޑުވެގެން ދިޔައެވެ. ކޮޓަރިތެރެވަނީ ގަދަ އައްޔަކުން އަލިކޮއްލާފައެވެ. މިޝަލްގެ ހިތް ބާރަށް ތެޅެމުންދިޔައެވެ. ހީވަނީ އެ ހިތް މިޝަލްގެ މޭފަޅައި ދެންމެ ދެންމެ ނުކުމެދާނެ ހެންނެވެ. މިޝަލްގެ ހިތް ތެޅެމުން ދިޔައީ ބިރަކުންނޫނެވެ. މިވަނީ ކިހިނެއްކަން ނޭނގޭތީ އެވެ.
މިޝަލް އަށް އެ ރީތި ޒުވާނާ ކައިރިވަމުން އަންނަތަން ބަލަން އޮވެވުނެވެ. އޭނަ ހުރީ އެހެން ރޭރެއަށްވުރެ ބޮޑަށް ހިނި އައިސްފަ އެވެ. އޭނަގެ ސިފައިގެ ސަބަބުން މިޝަލްގެ ހިތަކަށް އެއްވެސް ފަހަރަކު ބިރުވެރިކަމެއް ވަދެގެނެއް ނުދެ އެވެ. އޭގެ ބަދަލުގައި ބުނެދޭން ވެސް ނޭނގޭ ހިތްހަމަޖެހުމެއް ލިއްބައިދެ އެވެ. އޭނަ މިޝަލްގެ އެނދުގައި އިށިންކަން މިޝަލްއަށް އިޙްސާސްވި އެވެ. އޭނަ ފެނުމާއިއެކު މިޝަލްގެ މުޅި ހަށިގަނޑުގެ ބާރު ކެނޑިގެންދާ ފަދަ އެވެ. އަތެއް ފައެއް ހަލުވާލާނެހާ ހިތްވަރު ވެސް މިޝަލްގެ ނުހުރެއެވެ.
“މިރޭ މީ އެންމެ ފަހުރޭ” އޭނަ މިޝަލްގެ ތުންފަތުގައި ސަމްސާ ޖައްސާލަމުން ބުނެލިއެވެ. މިޝަލް މިރޭ އެ ޒުވާނާ އާއި ވަރަށް ގިނަ ސުވާލުކުރަން ބޭނުންވިއެވެ. އެއީ ކާކުކަން އޮޅުން ފިލުވަން ބޭނުންވިއެވެ. އަދި އޭނަ އެ އަންނަނީ ކީއްކުރަން ކޮންބޭނުމަކުކަން އަހަންވެސް ބޭނުންވެއެވެ.
“އަހަންނާ ވާހަކަދައްކަން މިޝަލް ބޭނުންވޭދޯ” އޭނާ ކުއްލިއަކަށް ސުވާލުކުރިއެވެ. އޭނައަށް މިޝަލްގެ ސިކުނޑީގައި އުފެދެމުންދާ ސުވާލުތައް އެނގުނީބާއޭ ސުވާލު އުފެދިގެން ދިޔައެވެ. އެ ޒުވާނާ ކުރި ސުވާލަށް ޖަވާބުދިނުމުގެ ގޮތުން މިޝަލްއަށް ހަމައެކަނި ބޯޖަހާލެވުނެވެ.
“އަހަރެންގެ ވާހަކަ މިއަދު މިޝަލް ދެއްކިކަން އަހަންނަށް އިނގޭ” އޭނަ އަނެއްކާވެސް ހިނިއައިސްފައި ބުނެލިއެވެ. މިޝަލްއަށް ލިބުނީ އިތުރު ހައިރާން ކަމެކެވެ.
“އަހަންނަށް ކިޔަނީ މީކާޢިލް، އަހަރެން އެއްވެސް ގޮތަކަށް މިޝަލްއަށް ދެރައެއް ދޭކަށް ބޭނުމެއްނޫން” އޭނަ މިޝަލްއަށް ބަލަން އިނދެ ބުނެލިއެވެ.
“އަހަރެން މިއުޅެނީ މިޝަލްއަށް ގެއްލުމެއް ދޭކަށް ނޫން، މިޝަލް އަހަންނަށް އިތުބާރުކުރާނަންތައް؟” މީކާޢިލް މިޝަލް އާއި ހަތަރުކަޅި ހަމަކޮށް އަހާލިއެވެ. މިޝަލްއަށް ލިބުނީ އިތުރު ހައިރާން ކަމެކެވެ.
“އަހަރެން އޭނައަށް އިތުބާރުކުރަންވީ ކޮންކަމަކާ، ކާކުކަމެއްވެސް ނޭނގޭ، އެކަމަކު ގޯސް މީހެއް ވަތަރެއްނުޖަހާ” މިޝަލްގެ ހިތް މީކާޢިލަށް އިތުބާރުކުރުމަށް އެތައްފަހަރަކު ބުނަމުން ދިޔަ އެވެ.
“މިޝަލްގެ އަޑުއަހާލާ ހިތުން މިއިނީ، ބުނެބަލަ ކޮންމެވެސް އެއްޗެއް” އަނެއްކާވެސް މިޝަލްގެ ކަންފަތުގައި އޭނަގެ އެ ފިރިހެންވަންތަކަމުން ފުރިގެންވާ ޖާދުވީ އަޑުޖެހުނެވެ. މީކާޢިލް މިހެން ބުނުމާއިއެކީ މިޝަލްއަށް އޭނަގެ އަނގައިގައި ދުލެއް އޮތްކަން އިޚްސާސް ކުރެވިގެން ދިޔައެވެ.
“އަހަރެން…. އަހަރެން… ކިހިނެއް ޤަބޫލްކުރާނީ، ހީވަނީ ހުވަފެނެއްގައި އުޅެވޭހެން” މިޝަލް އަޅައަޅައި ގަންނަމުން ބުނެލި އެވެ. މިޝަލްގެ މި ޖުމްލައިން މީކާޢިލް ވަރަށް ހިނިއައެވެ. އެ ހިނިތުންވުން މިޝަލްގެ ހިތުގެ އެންމެ ފުންމިނަށް ބާރުފޯރުވި އެވެ. މިޝަލް ކުޑަކޮށް ތެދުވަން މަސައްކަތް ކުރި އެވެ. އެކަމަކު ހީވަނީ ހަށިގަނޑުގައި އެއްވެސް ހަކަތައެއް ނެތީހެންނެވެ.
“އަހަންނަކަށް ނުތެދުވެވޭ” މިޝަލް އުނދަގޫ ގޮތަކަށް ބުނެލިއެވެ.
“އަޅެ މިހާރު ތެދުވަން މަސައްކަތް ކޮށްލަބަލަ….” މީކާޢިލް އޯގާތެރިކަމާއިއެކު ބުނެލިއެވެ. އޭނަގެ މޫނުމަތިން އަބަދުވެސް ފަނޑު ހިނިތުންވުމެއް ފެންނަން ހުރެއެވެ. މިފަހަރު އުނދަގުލަކާއި ނުލާ މިޝަލް ތެދުވެ އިށީނެވެ.
“ހާދަ އައްޔޭ ކޮޓަރި، މީކާޢިލް އަންނައިރު ކީއްވެތަ މުޅިކޮޓަރި ދިއްލިފަ ހުންނަ ގޮތަށް އެހުންނަނީ” މިޝަލް އަޖައިބުވެފައި އަހާލިއެވެ.
“ކޮޓަރީގެ އައްޔެއްނު އެއީ، އަހަރެން ލައިޓު ދިއްލީމަ ހުންނާނީ އަލިވެފަ އެންނު” މީކާޢިލް ބަލާލީ ކޮޓަރި ފާރުގައި ހުރި ސުވިޗް ބޯޑަށެވެ. މިޝަލްއަށް ގަބޫލްކުރަން ދަތިވިޔަސް އެހެރީ ލައިޓު ޖައްސާފަކަން އެނގުނެވެ. ކޮޓަރީގެ އަލިކަން ހުރީ ވަކި އާދަޔާ ހިލާފަށް ގަދަކޮށްނޫންކަން މިޝަލްއަށް ފާހަގަކުރެވުނީވެސް މީކާޢިލް އެހެން ބުނީމަ އެވެ. ނަމަވެސް ލައިޓުގެ ސުވިޗަށް މީކާޢިލް ބަލާލިވަގުތު އޭނަގެ އެފެހިދެލޯ ދިއްލިގެން ދިޔަ ތަން މިޝަލްއަކަށް ނުފެނެއެވެ.
“މީކާޢިލް ކިހިނެއް ކޮންމެ ރެއަކު މިގެއަށް ތިވަންނަނީ” މިޝަލް ސުވާލުކުރިއެވެ.
“ހަމަ ދޮރުންވަންނަނީ، ހަ ހަ ހަ….” މިޝަލްގެ މިސުވާލުން މީކާޢިލް ކައިރިއަށް އިތުރަށް ހިނިއައެވެ. މިޝަލްގެ ވިސްނުން މޮޔަކަމުންނެވެ. މީކާޢިލްގެ ހުނުމުގެ އަޑު މުޅިކޮޓަރިތެރެއަށް ފެތުރިގެން ދިޔައެވެ.
“ޝްޝް…. ތިހާބާރަށް ނުހީބަލަ، މަންމަ ހޭލަފާނެ، މިގޭ ސާޝާ ވަރަށް ނިދިމަޑުވާނެ، އޭނަވެސް ހޭލައިގެން އައިސްދާނެ” މިޝަލް ތުންފަތުގައި އިނގިލިޖައްސާލަމުން ބުނެލިއެވެ.
“މިޝަލް އެއްވެސް ވަރަކަށް އަހަރެން ދެކެ ބިރެއް ނުގަނޭތަ” މީކާޢިލް ހުނުން ހުއްޓާލާފައި ވަރަށް ފުންކޮށް މިޝަލްއަށް ބަލާލިއެވެ. އެވަގުތު މިޝަލް އާއި މިކާޢިލް އާއި ދެމީހުންގެ ހަތަރުކަޅި ބައްދަލުވެގެން ދިޔައެވެ. އެހިނދު މިޝަލްގެ ކަނދުރާގައި ހުރި ލޯލިތައް ކޮޅަށް ޖެހި މީހާގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ. މިޝަލްއަށް ކުރެވޭ އިޙްސާސްތައް ދުލުން ބަޔާން ކޮއްދޭނެ ގޮތެއް އޭނާއަކަށް ނޭނގެ އެވެ.
“މީކާޢިލް ތީ މީހުން ބިރުގަންނަންޖެހޭ ކަހަލަ މީހެއްތަ” މިޝަލްވެސް ކުރީ ސުވާލެކެވެ.
“ނޫން އެހެނެއްނޫން، މިއޮށް ދަންވަރު އަހަރެން މިކޮޓަރީގައި އިނީމަ ބިރުގަނެދާނެކަމަށް ހީކުރެވުނީ” މީކާޢިލް ވަރަށް ނޫންގޮތަކަށް ބުނެލިއެވެ. މިޝަލްއަށް އެކަމާވިސްނާލެވުނީ އެހެންބުނީމަ އެވެ. މީގެ ކުރިން އެހެން ހިތަށް ނޭރީ ކީއްވެބާއޭ މިޝަލްގެ ހިތަށްއެރި އެވެ.
“ދެން ބުނެބަލަ، ކިހިނެއްތަ މިކޮޓަރިއަށްވަނީ” މިޝަލް ކަންބޮޑުވެފަ ހުރި ރާގަކަށް ބުނެލި އެވެ.
“އެހަރަ ކުޑަދޮރުން” މީކާޢިލް އިނގިލި ދިއްކޮއްލީ މިޝަލްގެ ކޮޓަރީގައި މަގުމައްޗާއި ވީ ފަރާތަށް ހުރި ކުޑަދޮރަށެވެ. އާނއެކެވެ. ކުޑަދޮރު ހުރީ ހުޅުވާފައެވެ. މިއޮށް ހުރިހާ އިރު މިޝަލްއަށް ކުޑަދޮރުހުޅުވާފައި ހުރިކަމެއް ވެސް ނޭނގުނެވެ. މިޝަލް ނިދަން އޮށޮންއިރު އެ ކުޑަދޮރު ހުންނާނީ ލައްޕާފަ އެވެ. ކުއްލިއަކަށް ޖެހިލިވައިރޯޅީގެ ފިނިކަން ވެސް މިޝަލްއަށް އިޙްސާސްވީ ދެނެވެ. އެހެން ނުވާންވީ ސަބަބެއް ނެތެވެ. މީކާޢިލްގެ އެރީތިމޫނާ ދެލޯ މިޝަލްއަށް ފެނުމުން މުޅި ދުނިޔެމަތިން ވެސް އޭނަ ހަދާންނެތޭހާ ވެއެވެ. ނަމަވެސް މިޝަލް ނިންމީ އޭނައަށް ކުޑަދޮރުގެ ދޮރުފޮތިގަނޑުދަމާފަހުރީމަ ނޭނގި ދޮރުނުލައްޕާ ނިދުނީކަމުގަ އެވެ.
“ކިހިނެއް އަހަރެން ބަލިކަން އެނގުނީ….” މިޝަލް އަނެއްކާވެސް ކުރީ ސުވާލެކެވެ.
“ދެން މިހިސާބުގައި އުޅެންޏާ އެނގޭނެއެންނު” މީކާޢިލްގެ ޖަވާބުތައް ވަރަށް ކުރެވެ.
“މީކާޢިލް ހާދަ ރީއްޗޭ… އަހަރެން ބައެއްފަހަރު ހިތައް އަރާ ތީ އިންސާނެއް ބާއޭވެސް” މިޝަލް ވަރަށް ފުންކޮށް މީކާޢިލްއަށް ބަލަންއިނދެ ބުނެލި އެވެ.
“އިންސާނެއް ނޫނޭމީ….” މީކާޢިލް އެހެންބުނިއިރު އޭނާގެ ތުންފަތް މައްޗައް ލާނެތް ހިނިތުންވުމެއް ވެރިވެފައި ހުއްޓެވެ. “ދެން…. އެހެނެއް ނޫނޭ…. އަހަންނަށް ރީތިމީހުން ސިފަވެފަހުރީ ވާހަކަފޮތްތަކުން….” މިޝަލް އޭނަގެ ޚިޔާލީ ދުނިޔެއަށް ދިޔަކަހަލައެވެ.
މީކާޢިލް އިނީ ވަރަށް ހިތްހަމަޖެހިފައެވެ. އަދި އޭނާ މިނޫނީ މިޝަލް އާ މިހާގާތްކޮށް ވާހަކައެއް ނުދައްކައެވެ. މިޝަލްގެ ކޮންމެ އިޝާރާތަކަށް ލޯބިން ފުރިގެންވާ ހިތަކާއެކީ ބަލަން އޭނާއަށް އިނދެވުނެވެ. އޭނައަށް މީގެ ކުރިން ދުވަހަކުވެސް މިކަހަލަ އިޚްސާސް އެއްކުރެވިފައެއް ނުވެއެވެ. ކުރެވޭނީ ވެސް ކިހިނެއްހެއްޔެވެ. ޚަޔާތުގައި ފުރަތަމަ އެކަނިވެލަން ނިކުތް ރޭ އޭނަގެ ހިތްޒަހަމް ކޮއްލައިފިއެވެ.
އޭނައަށް މިޝަލް ފެނުނު ރެއިން ފެށިގެންވެސް އޭނަގެ މޭގައި ހިނގާ ހިތަކީ އޭނަގެ ބާރެއް މިހާރު ފޯރާ އެއްޗެއް ނޫނެވެ. އެހިތްވަނީ މިޝަލްއަށް ޤުރުބާންވެފައެވެ. މިޝަލްގެ ރީތި މޫނުގައި ބީހިލާ އިސްތަށިތައް ރަގަޅުކޮށްލަދޭން މީކާޢިލްގެ ހިތަށް އެތައްފަހަރަކު އެރިއެވެ. ނަމަވެސް މިޝަލްގެ ނާޒުކުކަމާ މައުސޫމްކަމުން މިކާޢިލް އަށް ފަސްޖެހެވެއެވެ. އޭނަގެ އެންމެ ބީހިލުމަކުން ވެސް އެރީތި ރީތި މަލުގެ ފިޔަތަށް ރޫޅި ދާނެތީ ބިރުގަންނަނީއެވެ. އޭނަ އަކީ ކޮންކަހަލަ މީހެއްކަން އޭނަ ހަނދާން ނައްތާލާނީ ކިހިނެއް ހެއްޔެވެ. ކިތަންމެ ފަހަރަކު އެދެމެދުގައިވާ ފަރުދާ ހިއްލާލުމަށް މީކާޢިލްގެ ހިތް ބުނަމުން ދިޔައެވެ. ނަމަވެސް މިޝަލްއަށް ވެދާނެގޮތަކާއި އެމައުސޫމްކުއްޖާ ހިތައްއަރާފާނެ އެއްޗަކާއިމެދު ވިސްނާލައިފައި ފަސްޖެހެވެނީއެވެ.
މީކާޢިލް މިޝަލް ދައްކަމުން ދިޔަ ވާހަކަ ތަކަށް ޖަވާބު ދެމުން ގެންދިޔައެވެ. މިރޭ މީކާޢިލް ބޭނުންވަނީ މިޝަލް ގެ އަޑުއަހާލާށެވެ. އޮހެމުންދާ މާމުކަންވާރެއްހާ ފޮނިވެފައި އަޑުއަހާލަން ހިތްގައުމު ރީތި އަޑެކެވެ.
“މީކާޢިލް އަށް އަހަރެންގެ ނަން އެނގުނު ގޮތެއް ވެސް އޮންނަން ވާނެ އެންނު، އަޅެ ބުނެބަލަ…” މިޝަލް އަދިވެސް އޮޅުންފިލުވަން ބޭނުންވާ އެތައްކަމެއް އެބަހުއްޓެވެ.
“އަހަންނަށް އަޑުއިވުނީ މިޝަލް އަށް މީހަކު ގޮވާލިއަޑު…” މީކާޢިލް އެއްވެސް ދޮގަކާއި ނުލާ ބުނެލިއެވެ.
“އަހަރެން ކުރާ ހުރިހާ ސުވާލަކަށް ޖަވާބުދޭނަންތަ؟” މިޝަލް އަހާލިއެވެ.
“އާން! އަހަންނަށް އެނގޭ މިންވަރުން ޖަވާބު ދެވޭތޯ މިބަލަނީ….” މީކާޢިލް މިޝަލްގެ ހިތްހަމަޖައްސާލުމަށް ބުނެލިއެވެ. މީކާޢިލް މިރޭ ހީވަނި ތަޚްޤީގަށް ގެނެވިފައިވާ ކުށްވެރިއެއް ހެންނެވެ.
“ދެން ތިހެންވީރު ބުނެބަލަ، އަހަރެން މީކާޢިލްއަށް ފެނުނީ ކިހިނެއް؟ ކިހިނެއް މިކޮޓަރިއަށް ވަންނަން އެނގުނީ؟ މިބުނީ މީ މަގޭ ކޮޓަރިކަން ކިހިނެއްހޭ އެނގުނީ” މިޝަލް ސުވާލުތަކެއް އަމުނާލިއެވެ.
އެވާހަކަތައް މިޝަލްއަށް ކިޔާދޭނީ ކިހިނެއްބާއޭ މީކާޢިލް ހިތަށްއެރި އެވެ. އެކަމަކު އޭނަގެ މޫނުމަތިން އެއްވެސް ނުތަނަވަސްކަމެއް ނުފެނެއެވެ. އޭނަ އިނީ ވަރަށް ހަމަޖެހިލާފައެވެ. މާކުރިން ވެސް މިސުވާލުތައް ކުރިމަތިވާނެކަން އެނގޭފަދަގޮތަކަށެވެ. އެކަމަށް ތައްޔާރުވެގެންނެވެ.
“އަހަންނަށް މިޝަލް އެންމެ ފުރަތަމަ ފެނުނީ މެންދަމުގެ ވަގުތެއްގައި، އެކަނި ހިނގާފައި ދަނިކޮށް، އެކަމަކު މިޝަލްއަށް އަހަރެން ފެނުނުކަމެއް ނޭނގޭ، ވެދާނެ ފެނުނު ކަމަށް ވެސް، މިޝަލް ދިޔައީ ވަރަށް ބާރަށް ހިނގާފައި، އަހަރެން ފަސް ފަހަތުން ދިޔައީ އެގަޑީގައި އެކަނި އަންހެން ކުއްޖެއް ފެނުނީމާ ވަންނަނީ ކޮންތަނަކަށް ތޯ ބަލާލާހިތުން، ދެން އޭގެ ފަހުން މިގޭ ކައިރީ ވަރަށް ގިނައިން އުޅެން، އެހެން އުޅެނިކޮށް އެއްދުވަހު ފެނުނު މިޝަލް ކުޑަދޮރު ކައިރީގައި ހުއްޓައި، އެހެންވެ އެދުވަހު އެނގުނު މީ މިޝަލްގެ ކޮޓަރިކަން، މިޝަލް ބަލިވެ އުޅޭ އަޑުއިވިގެން ބޭސް ހިފައިގެން އައީ، ދެން މިހާރު މީހުން ބޭނުންވާނީ ޑޮކްޓަރީ ބޭސް ހުރިހާ ކަމަކަށް ބޭނުންކުރަން، އެހެންވެ އަހަރެން އަމިއްލައަށް އައީ ބޭސް ދޭންވެގެން، އެއީ ފަތްޕިލާވެލީގެ ބޭހެއްވީމަ މީހުން ޤަބޫލް ނުކުރާނެ ވަރަށް ރަނގަޅުވެދާނެކަމަށް، އިރާދަކުރެއްވީތީ މިހާރު މިޝަލް އެއްކޮށް ތިހިރީ ރަނގަޅުވެފައި” މިޝަލްއަށް ކަންވީގޮތް މީކާޢިލްގެ އަމިއްލަ ރަހަތައް ހަޤީޤަތާއި މަސްހުނިކޮށްލައިގެން އިންސާނެއްގެ ބުއްދި ޤަބޫލުކުރާނޭ ފެންވަރަށް ސިފަކޮއްދެމުން ކިޔާދިނެވެ.
މިޝަލް އެހުރިހާ ވާހަކަތަކެއް ޤަބޫލުކުރިކަން އެނގުނީ އޭނަ މަޑުމަޑުން ބޯ ޖަހާލީމައެވެ.
“އެކަމަކު އަހަރެން ހަނދާނެއް ނުވޭ މީކާޢިލް މީގެ ކުރިން ފެނުނު ހަދާނެއް….” މިޝަލް ވިސްނަންއިނދެ ބުނެލިއެވެ.
މިޝަލްއަށް ވޭތުވެދިޔަ ރޭތަކަށްވުރެން މިރޭގެ ވަގުތު ކުރުކަން އިޚްސާސް ކުރެވުނީ މީކާޢިލް އެނދުން ތެދުވީމައެވެ. މިޝަލްގެ ކަންފަތުގަ ފަތިސް ނަމާދުގެ ބަންގީގެ އަޑުޖެހުނީ އެވަގުތުއެވެ. މީކާޢިލް ދާގަޑި ޖެހުނީކަން މިޝަލްއަށް އެނގުނެވެ. އެކަމަކު މިޝަލް މިރޭ މީކާޢިލް ފޮނުވާލާކަށް ބޭނުމެއްނޫނެވެ. ދެން އޭނަ ފެންނާނެ ކަމުގެ އުންމީދެއް މިޝަލްއަށް ނެތީމައެވެ. މީކާޢިލް ގާތު ކޮންމެ ރެއަކު އައުމަށް އެދޭކަށް ވެސް މިޝަލްއަކަށް ނުކެރުނެވެ. އެއީ އެހާރީތި ގޮތެއްކަމަށް މިޝަލްއަށް ނުފެންނާތީއެވެ. އެކަމަކު ވެސް މިޝަލް ހުރީ ދެންބައްދަލްވާނީ ކޮންއިރަކުންތޯ އަހާލާހިތުން ކެތްމަދުވެފައެވެ.
“މިރޭ މީ އަހަރެން މިޝަލްއަށް ބޭސް ހިފައިގެން އަންނަ އެންމެ ފަހުރެއަށްވިޔަސް އަހަރެން މިޝަލް އާއި ވާހަކަދައްކާލަން އަންނަ ހިތްވޭ، އެކަމަކު މިޝަލްގެ ހުއްދައަކާ ނުލާ އަހަންނަކަށް ނާދެވޭނެ” މީކާޢިލް ދާންހިގައިގަންނަމުން ބުނެލިއެވެ. އަދި މިޝަލްގެ ޖަވާބަކަށް ހުއްޓުނެވެ. މިޝަލް އުފަލުން ހުރެ މީކާޢިލް އަށް “އާން” ބަސް ދިނެވެ. މީކާޢިލްގެ މޫނުމަތި ކުރިއަށްވުރެ ވެސް އުޖާލާވެގެން ދިޔަހެން މިޝަލްއަށް ހީވިއެވެ.
“އަހަރެން ހީކުރަން އަހަންނަށް ދެން މިޝަލް އާއި ރަޚްމަތްތެރިވެވުނީކަމަށް” މީކާޢިލް އުފަލުންހުރެ ދާންއެނބުރިލިއެވެ.
“މީކާޢިލް…” މީކާޢިލް އަށް މިޝަލްގެ އަޑުއިވުމާއެކީ އަނެއްކާ ވެސް ހުއްޓި މިޝަލްއަށް ބަލާލިއެވެ.
“މީކާޢިލް… ފޯން…. ފޯނެއް ގެންގުޅެންތަ… މިބުނީ ދެން ނަންބަރު އެނގުނީމަ އެންނު ފޫހިވެގެން އުޅޭ އިރަކުން ގުޅާ ވެސް ލެވޭނީ….”މިޝަލް ވަރަށް ލަދުންހުރެ ބުނެލިއެވެ.
“ނޫން އަހަރެން ފޯނެއް ނުގެންގުޅެން އެކަމަކު މިޝަލް އަހަންނަށް ހުއްދަތިދިނީ މިޝަލްކައިރިއަށް އައުމަށް، ދެން މީގެ ފަހުން މިޝަލް އަހަންނާ ބައްދަލް ނުވެވިގެން އުޅޭކަށް ނުޖެހޭނެ، މިޝަލް އަހަރެންގެ ނަންބުނާއިރު އަހަރެން ހުންނާނީ މިޝަލްގެ ކައިރީގައި…” މީކާޢިލް ކުޑަދޮރާދިމާލަށް ބަލާލަމުން ބުނެލިއެވެ. މިޝަލް ކައިރިއަށް މީކާޢިލްގެ އެވާހަކަތަކުން ހިނިއައެވެ.
“މީ ކޮންކަހަލަ މީހެއް ހެއްޔެވެ، އަހަރެން ދެން މީކާޢިލްގެ ނަންބުނާއިރަށް އާދެވޭނެ ހެއްޔެވެ، އޭނަ އަހަންނަށް ފޮނިކަން ދައްކާލީ ކަންނޭގެ، ފަހަރެއްގައި މަށަށް ނަންބަރު ދޭން ބޭނުންނުވަނީ ކަމަށް ވެސް ވެދާނެ” މިޝަލްގެ ހިތަށްއެރިއެވެ.
މީކާޢިލް ދިޔަގޮތް މިޝަލްއަށް މިފަހަރަކު ވެސް ނޭނގުނެވެ. އެސްފިޔަ ޖަހާލާހާ ވަގުތުކޮޅެއްގެ ތެރޭ ކޮޓަރިތެރެ ވަނީ ހަމަހިމޭންވެފައެވެ. އެހިނދު މިޝަލްގެ ނޭފަތުގައި ޖެހުނު ވަހެއްގެ ސަބަބުން ދެލޯ މަރާލެވުނެވެ. ދުވަހަކުވެސް އެފަދަ މީރުވަހެއް މިޝަލްއަކަށް ނުދުވައެވެ. މުޅި ކޮޓަރީގައި ހުވަނދުލާފައިވާ ކަހަލައެވެ. އެހާ މީރުވަހެއް އެއީ ކޮންވަހެއްތޯ މިޝަލް އަމިއްލައަށް ވެސް ސުވާލުކޮއްލެވުނެވެ.
“މުޅިކޮޓަރީގައި ވެސް މިދުވަނީ އޭނާގެ ވަސްބާ، ހާދަ މީރުވަހެކޭ” މިޝަލް ހިތާހިތުން ކިޔާލެވުނެވެ.
އިރުގެ ދޯދިތަށް ކުޑަދޮރުން ކޮޓަރިއަށް އެޅެމުންދިޔައިރު މިޝަލް ތެދުވެ ނަމާދުދޮޅިބާލާ އެހުންނަންވާ ތަންތަނުގައި އެއެއްޗެއް ބަހައްޓަމުން ދިޔައެވެ. މިޝަލް ކޮޓަރިން ނިކުތްއިރު އޭނަގެ މޫނުމަތީގައިވަނީ އުފާވެރިކަމެވެ. ސާޝާ ކޮބާތޯ އޭނަގެ ކޮޓަރިއަށް ކައިރިވެލިއެވެ. އޭރު އޭނާ ފާޚާނައިގައި އުޅޭއަޑު މިޝަލްއަށް އިވުނެވެ. ސާޝާ ނުކުންނަންދެން މިޝަލް ސޯފާގައި އިނެވެ. މިޝަލް ސޯފާގައި ހުރި ކުދި ބާލީހުން ބާލީހެއްނަގާ ސޯފާގެ އެއްކޮޅުގައި ބާއްވާލަމުން އޮށޯވެލިއެވެ. އަދި އިތުރު ބާލީހެއްނަގާ އޭގައި ބައްދާލައިގެންއޮތެވެ.
މިޝަލްގެ ދެލޯވަނީ މަރާލެވިފައެވެ. އެލޮލުން މިޝަލް ހޯދަމުންއެދަނީ އެހަނދާންތަކެވެ. އެމީހެއްގެ އެސޫރައަށާއި އާދަޔާހިލާފް ހަރަކާތްތަކަށް ޝައުގުވެރިވެފައިވާލެއް ބޮޑުކަމުންނެވެ. އެދުވި މީރުވަހެވެ. އަދިވެސް އެވަސް ނޭފަތުގައި ހަރުލާފައި ހުރި ކަހަލައެވެ. އާނއެކެވެ. މިޝަލް ލޯމަރާލައިގެން އޮވެ ޚިޔާލުކުރަމުން އެދަނީ މީކާޢިލް އާއިދޭތެރޭގައެވެ. އޭނަ ދެއްކި ވާހަކަތަކާއި މެދުގައެވެ.
“އެރޭ ހޮސްޕިޓަލުން އަހަންނަށް ފުރަތަމަ މީކާޢިލް ފެނުނީ ކީއްވެބާ، މަންމައަށް އަނެއްކާ މީކާޢިލް އަހަރެން ކައިރިއަށް އަންނަކަން އިނގޭބާ، ނޫން…. ނޫން….. މަންމަ ޤަބޫލެއް ނުވާނެކަންނޭނގެ، ކިހިނެއްބާ އޭނައަށް އެނގުނީ އަހަރެން އޭނަގެ ވާހަކަ ދެއްކިކަން، ހަމަ އަޖައިބެއް، ކޮންމެ ގޮތެއްވިޔަސް އަހަރެންގެ ހިތެއް ނުބުނޭ އޭނަ އަހަންނަށް ދޮގެއް ހަދާނެއެކޭ، އެއަށްވުރެ މާތް މީހެންހެން އޭނަ ހީވަނީ، މިޒަމާނުގައި މިއުޅޭ ކުދިން ކަހަލަގެ ގޮތެއް އޭނަގެ ގަޔަކު ނުހުރޭ، އޭނައާ އިތުރު ސުވާލު ކުރަނިކޮށް ދެން ނާންނާނެކަންނޭނގެ، އަޅޭ، އޭނަ އަންނާނެ ކަމެއްވެސް އަދި ނޭނގެ… އެކަމަކު އޭނަ ޕްރޮމިސް ކުރި އަންނަން، ފޯނު ނަންބަރު ދިން ނަމަތާ ގުޅާލާފައި އަހާލާނީ ވެސް ކީއްކުރަނީތޯ، ކޮންއިރަކުންތޯ ދެން ފެންނާނީ…” ފޯނުގެ ރިންގާއިއެކީ މިޝަލް ސިއްސައިގެންގޮސް ސޯފާއިން އަރިއަޅާލިއެވެ. އެވަގުތު އަތުގަ އޮތް ފޯނުވެއްޓި ކަވަރާ ބެޓެރި ވަކިވެގެން ދިޔައެވެ. އަވަހަށް ފޯނު ރަގަޅުކުރުމަށް އަވަސްވެގަތެވެ.
“ޝެބީ ކީއްކުރަނީ” ސާޝާ ސިޓިންގ ރޫމު ދޮރުން އެތެރެއަށް ވަންނަމުން އަހާލިއެވެ. އޭރު މިޝަލް ބުޅަލެއްހެން ހަތަރެސްފައި ޖަހައިގެން ސޯފާ ދަށްބަލަން އޮތެވެ.
“ފޯނުގެ ބެޓެރި….” މިޝަލް ފޯނުދައްކާލަމުން ބުނެލިއެވެ. ސާޝާ މިޝަލްގެ ފޯނުގެ ބެޓެރި ހޯދާދިނުމަށް ސޯފާ އެއްފަރާތްކޮށްލަން އެހީތެރިވެދިނެވެ.
“ސާޝާ ކޮންތާކުން ތިއައީ….” މިޝަލް ފޯނުގެ ބެޓެރި ނަގަމުން އިހު ހުރިގޮތަށް ސޯފާ ފާރުކައިރިއަށް ޖައްސާލިއެވެ.
“މި ފެންދިނީ ގަސްތަކަށް، ޝެބީ އޮތީ ނިދިފަކަމަށް ހީކުރީ” ސާޝާ އޭނާގެ އަދައިގެ މަސައްކަތްތައް ފައްޓަމުން ބުނެލިއެވެ.
މިޝަލްއަށް ފޯނު ހުޅުވާލެވުނު ތަނާ އަނެއްކާ ވެސް ފޯނު ރިންގުވާންފެށިއެވެ. މިޝަލް އަވަސް އަވަހަށް ފޯނުނަގާ ކަންފަތުގައި ޖައްސާލަމުން “ހެލޯ” އޭ ބުނެލިއެވެ.
“ޝެބީ ކިހިނެއްތަ ފޯނަށް ތިހަދަނީ، އަދިވެސް މޫޑީވެގެންތަ ތިއުޅެނީ” އަލައިނާ މިޝަލްއާއި ފޯނުން ވާހަކަދައްކަމުން ދިޔައެވެ.
“އެ… އެ… ފޯނު ވެއްޓުނިއްޏޭ…. އަހަރެން އޯކޭ އޭ މިހާރު” މިޝަލް ވަރަށް ހަމަޖެހިލާފައިކަން އަލައިނާއަށް ވެސް އެނގުނެވެ.
“ކޮންއިރަކުން އަންނަނީ؟ މިއަދުވެސް ޑިއުޓީ އަށް ނުނިކުންނަނީތަ؟” އަލައިނާ އަހާލިއެވެ. މިޝަލް ޑިއުޓީއަށް ދާންއޮތްކަން ވެސް ހަދާންވީ ދެނެވެ. އެހެންވެ އަވަހަށް އަލައިނާ ކައިރީ ތައްޔާރުވަނީއޭ ބުނެ ފޯނުބޭއްވިއެވެ. މިޝަލް ސާޝާ ކައިރީ ވަރަށް އަވަހަށް ކޮފީތައްޓަކާއި ކޮންމެވެސް ކާއެއްޗެއް ތައްޔާރުކޮށްދިނުމަށް ބުނެ ކޮޓަރިއަށް ވަނުމަށް ހިނގައިގަތެވެ.
މިޝަލްގެ ތުންފަތުގައި ހުރި ލިޕްސްޓިކް ތައް ޓިޝޫއަކުން ރީތި ކުރަމުން ގެއިން ނިކުމެ އަލައިނާމެންގެ ފުލެޓަށް ދިއުމަށް މިސްރާބު ޖެހިއެވެ. މިޝަލް އަވަސް ހިނގުމުގައި އެހިސާބަށް ދެވުނުއިރު އަލައިނާހުރީ ބަސް ހުއްޓާތަނުގައެވެ. ބަހަށް މީހުން އަރަމުން ދިޔައެވެ.
މިޝަލް ޑިއުޓީއަށް ނުކުތުމުން ވަރަށް ގިނަ ރަޙްމަތްތެރިންގެ އެކި ތަފާތު ކޮމެންޓުތައް އައެވެ. މިޝަލްއަކީ ކަންތައްތައް އެހާ ފަސޭހައިން ހަނދާންނެތޭ ކުއްޖެއްނޫނެވެ. އެރޭގެ ޑިއުޓީ ނިންމާފައި ފާޚާނާގައި ދިމާވި ކަންތައްތައް މަތިން މިޝަލް ހަނދާނެއް ނުނެތެއެވެ. އެރޭގެ އެކަންތައްތައް ހިތަށް އެރުމުންވެސް މިޝަލްގެ ގައިން ހީބިނަގާ ގޮތްވިއެވެ. ނަމަވެސް މިއަދު މިޝަލް ހުރީ އެއިންއެއްވެސް ކަމަކާ ވިސްނާ ފިކުރުކުރާ ކަހަލަ މޫޑެއްގައެއް ނޫނެވެ. އެރޭވެސް އެދިޔައީއެވެ. އަލުން އެކަމާވިސްނާ ހެދުމަކުން މިޝަލްއަށް ލިބޭނެ އެއްވެސް ހިތްހަމަޖެހުމެއް ނޯންނާނެތީއެވެ.
ހެނދުނު ހެނދުނާ ދަތުރުކުރާ ފްލައިޓުތަކެއް ނެތުމާއެކީ ޑިއުޓީގެ ގިނަ ކުދިންދިޔައީ ސައިބޯށެވެ. އަލައިނާ އާއި މިޝަލް އާއިއެކީ ޔާނާ މަޑުކުރިއެވެ. ޔާނާ މިޝަލް ކައިރިއަށް އައިސް ޙާލު ކިހިނެއްތޯ އަހާލިއެވެ. މިޝަލް ހީލަމުން ރަނގަޅޭ ބުނެލިއެވެ. ޔާނާ އާއި އަލައިނާ މާއޮލަވާހަކައެއް ދައްކަންފެއްޓުމާއިއެކު މިޝަލް ބާކީވެފައި ނުހުރުމުގެ ގޮތުން ދަބަސް ކައިރިއަށް ޖެހިލިއެވެ. އަދި އައިޕޮޑް ނަގާ ލަވަޖަހާލިއެވެ.
މިޝަލް ވަރަށް ހަމަޖެހިލައިގެން ގޮނޑީގައި އިށީނދެ ގޮނޑި ދެފަރާތަށް އަނބުރާލަ އަނބުރާލައި އިނެވެ. މިޝަލްއާ ދިމާލަށް އަލައިނާ އަންނަތަން ހެވިފައި ބަލަން އިނެވެ. އަދި ކަންފަތަށް ޖަހާފައިއޮތް ހެޑްސެޓު ނައްޓާލިއެވެ.
“ހޫން! ހޫން! ކޮންޚިޔާލެއްގައި؟….ހާދަ ހަމަޖެހޭ ދުވަހެކޭ ދޯ” އަލައިނާ މިޝަލް ކުރިމަތީ ހުއްޓިލާފައި އަހާލިއެވެ.
“ކިހިނެއް އެނގެނީ އަހަރެން ވަކި ޚިޔާލެއްގައި ކަމެއް މިއިނީ، ލީން އެއްކަމަކު ތީތެދެއް އަހަރެން މިހިރީ ވަރަށް ހިތްހަމަޖެހިފައި” މިޝަލް ބޯ އަރިކޮށްލަމުން އަލައިނާއަށް ހީނލިއެވެ.
“ރޭގައި ހިތްހަމަޖެހޭ ވަރުގެ ހުވަފެނެއް ފެނުނީދޯ ” އަލައިނާ މިހެން ބުނުލާފައި ހޭންފެށުމުން އޭނާ އާއިއެކުއެކީހެން މިޝަލް ވެސް ހޭންފެށިއެވެ.
އެހެން ދުވަސް ދުވަހެކޭ ވަކި ތަފާތެއްނެތެވެ. ޑިއުޓީ ގަޑި ނިމުމާހަމައަށް ވެސް އެއްތަނުން އަނެއްތަނަށް މިޝަލް ހިނގާލަ ހިނގާލަ ހުއްޓެވެ. އެކަމަކު މިޝަލްއަށް އިތުރު ކަމެއް ފާހަގަ ކުރެވުނެވެ. އެއީ ޔާނާ އަބަދު އަލައިނާ ފަހަތުން އުޅޭތަނެވެ. އޭނަ އުޅޭ ގޮތުން ބައެއްފަހަރު އަލައިނާއަށް އުނދަގޫވެގެން ވެސް އުޅެއެވެ.
ހަވީރު ޑިއުޓީ ނިންމާފައި ގެއަށް ދިއުމަށް ހުޅުލޭ ބަހަށް އެރިއެވެ. މިޝަލް ކުޑަދޮރުކައިރީ ހުރި ގޮނޑިއެއްގައި އިށީނެވެ. އަދި އަލައިނާ ޖެހިގެން ހުރި ގޮނޑީގައި އިށީނެވެ.
“ލީން، ޔާނާއަށް ކީއްތަ ކޮށްދިނީ….” މިޝަލް ކުޑަކޮށް ހެމުން އަހާލިއެވެ.
“ކީއްވެ ތިހެން ތިބުނީ” އަލައިނާ ހައިރާންވިއެވެ.
“މިއަދު ލީން ފަހަތުން ޔާނާ އަބަދު ދުވާތަން ފެންނާތީ..” މިޝަލް ބުނެލިއެވެ. އެހެންބުނިއިރު އޭނާގެ އަޑުގައި ކޮންމެވެސް ވަރެއްގެ ސަމާސާގެ އަސަރެއް ވެސް އެކުލެވިފައި ހުއްޓެވެ.
“ހޫން! އޭނަ އުޅޭގޮތުން ބައެއް ފަހަރު ވަރަށް ބޮލުގަރިއްސާ، އޭނަ އައިފަހުން ވަރަށް މައްސަލަ ބޮޑު ސްޓާފުންގެ ތެރޭ، މަށަކަށް ވެސް ނޭނގެ ކީއްވެ ކަމެއް، އެހެންމީހުން ދެން އޭނާ އާއި އެހާ ވާހަކައެއް ނުދައްކާ އެހެންވެ އަހަރެން ޔާނާ އާއި ވާހަކަދައްކާ އުޅެނީ…. ޝެބީ ނެތީމަ މިވީ ދުވަސްކޮޅުގައި މަކިރިޔާ ފޫހިވެގެން ހަލާކުނުވީ” އަލައިނާ މިޝަލްއަށް ކިޔައިދިނެވެ.
“އަދި ހަނދާން ނެތިފައޭ މީނީ، ރެހާން….” އަލައިނާ މިޝަލްއަށް ބަލާލަމުން ނިތްއަރުވާލިއެވެ.
“ސާބަސް ލީން” މިޝަލް އަށް އަލައިނާ ބުނަންއުޅޭ އެއްޗެއް ދޭހަވިއެވެ.
“ދެން އޭނަ ބުންޏެއްނު މިއަދު ހަވީރު ފެންނާނެ ކަމަށް ހީކުރަމޭ…. ޕްލީސް…. ޕްލީސް…. ޝެބީ ހިނގާބަލަ ދާން….” އަލައިނާ އާދޭސް ކުރަން ފެށިއެވެ. އޭރު ބަސްހުއްޓާ ތަނަށް ބަސް ހުއްޓައިފިއެވެ. ބަހުން ފައިބަމުން ދިޔަ މީހުންތަކާއި އެކީ މިޝަލް އާއި އަލައިނާ ފޭބިއެވެ. އަލައިނާ މީހުންތަކުގެ ތެރެއިން މިޝަލްގެ އަތުގައި ހިފައިގެން އެއްފަރާތައް ހިނގައިގަތެވެ.
“ޝެބީ ޕްލީސް ބުނެބަލަ ދާނަމޭ….އަހަރެން ދާނަން ތައްޔާރުވެލައިގެން” އަލައިނާ ގެ ރާގާ މޫނުމަތީގައި ވެސް ވަނީ އާދޭހުގެ ކުލަވަރެވެ.
“އޯކޭ، ދެން ދާނީދޯ” މިޝަލް އެއްބަސް ވިއެވެ. އަލައިނާ އުފަލުން މިޝަލް އުރާ ނުލީ ކިރިޔާއެވެ. އޭރު އެހެން ލާފައި ދިޔަމީހުން ވެސް އެދެކުދިން އުޅުނުގޮތަށް ބެލިއެވެ.
މިޝަލް ގޭގެ ދޮރުން ވަންއިރު މަންމަ ހަފްސާ ސިޓިންރޫމުގައި ފޯނެއްގައި ހުރެގެން ދެކޮޅަށް ހިނގާލަ ހިނގާލަ ހުއްޓެވެ.
“ނުގޮސް ނުވާނެ ދޯ އެހެންވީމަ” މިޝަލް އަށް ހަފްސާ ފޯނަށް ޖަވާބު ދިންއަޑުއިވުނެވެ. މިޝަލް ވަނީ އޭނާގެ ކޮޓަރިއަށެވެ. އަދި ނޭވާ އެތެރެ ހައްޓަށް ދަމާލިއެވެ. އެކަމަކު ފަތިހުދުވި މީރުވަހެއް ނޭފަތަކު ނުޖެހުނެވެ. ނަމަވެސް މިޝަލް މާޔޫސްއެއް ނުވެއެވެ. މިޝަލްގެ ހިތް މީކާޢިލް އާއި އަދި ދިމާވާނެކަމުގައި ބުނަމުން ދާތީއެވެ.
މިޝަލް ފެންވާރާލާ ރީތިވެލައިގެން ހުރީ އަލައިނާގެ އިންތިޒާރުގައެވެ. ފަހެއް ޖަހާ ބޮޑުވިފަހުން ދޮރުމަތީ ހުރި މިޝަލްއަށް އަލައިނާ ފެނުނެވެ. ދެމީހުން އެކީ ނުކުތީ ކުރިން ދުވަހުވެސް އަތިރިމައްޗައް ނުކުތްމަގުންލާފައެވެ. މަޑު ދޮންވެލިގަނޑުގައި ބަރުފިޔަވަޅުތަކެއް އަޅަމުން މަޑުމަޑުން ހިނގަމުން ދިޔައެވެ. އަލައިނާ ކަރުކެހިލަމުން މިޝަލްގެ ސަމާލުކަން ހޯދިއެވެ.
“ފެނުނީދޯ….” މިޝަލް ވެސް އަލައިނާ ބަލަން ހުރި ދިމާލަށް ބަލާލިއެވެ.
“ރެހާ….” އަލައިނާ ރެހާނަށް ގޮވާލަން ނެގިއަތުގައި ކުއްލިއަކަށް މިޝަލް ހިފޭއްޓިއެވެ. އަލައިނާ ރެހާނަށް ގޮވުމުގެ ބަދަލުގައި މިޝަލްއަށް ހައިރާން ކަމާއިއެކީ ބަލާލިއެވެ.
“ލީން ދެން އޭނާއަށް ގޮވާކަށް ނުވާނެއެއްނު، މަޑުކޮށްލަބަލަ އޭނާއަށް އަހަރުމެން ފެންނަންދެން….” މިޝަލް އޭރު ވެސް ހުރީ އަލައިނާގެ އަތުގައި ހިފަހައްޓައިގެންނެވެ.
ރެހާން ހުރީ ކުރިން ދުވަހެކޭ އެއްގޮތަށް ކެމެރާ ހިފައިގެންނެވެ. އޭނަ އެނބުރިލި ވަގުތު މިޝަލް އާއި އަލައިނާ ފެނުނެވެ. އަދި އެމީހުންނާ ދިމާލަށް އަންނަން ފެށިއެވެ. އަލައިނާ ހުރީ ވަރަށް ހިނިއައިސްފައެވެ. އެކަމަކު މިޝަލްގެ މޫނު މަތީގައި އުފާވެރިކަމެއް ނޫނީ ހިތްހަމަނުޖެހުމެއް ވެސް ފެންނާކަށްނެތެވެ. މިޝަލް އެތާ ހުރީ އަލައިނާ އަށްޓަކައެވެ.
“ކޮންއިރަކު އައީ، އަހަރެން ހީކުރީ ނާންނާނެ ކަމަށް” ރެހާން ހިނިއައިސްފައި ހުރެގެން ވާހަކަދެއްކިއެވެ. އަދި އެއާއިއެކު ތިންމީހުން އެކުއެކީހެން ގޮނޑުދޮށުގައި ހިނގަންފެށިއެވެ.
“ލީނާ އޭ ދޯ ބުނީ” ރެހާން ޔަގީން ކޮށްލުމުގެ ގޮތުން އަލައިނާއަށް ބަލާލަމުން އަހާލިއެވެ.
“ނޫން… އަލައިނާ… ލީން ކިޔަސް އޯކޭ” އަލައިނާ އޭނަގެ ނަން ރަނގަޅުކޮށްދިނެވެ. ރެހާން އާއި އަލައިނާ ގިނަވާހަކަ ތަކެއް ދައްކަމުން ދިޔައެވެ.
“މިޝަލް ދޯ ތީ…” މިޝަލް ދިޔައީ ސިއްސައިގެންނެވެ. ކުއްލިއަކަށް ރެހާންގެ ސަމާލުކަން މިޝަލްއަށް ހުއްޓުނީމައެވެ.
“މިޝަލް އުޅެނީ ކުއްޖަކާ ރައްޓެހި ވެގެންތަ…” ރެހާންގެ އެ ސުވާލުން މިޝަލްގެ ހިތްއަވަސްވިއެވެ. އަދި އަލައިނާ ވެސް ހުރީ ބަސްހުއްޓި މިޝަލް ދޭނެ ޖަވާބެއްގެ އިންތިޒާރުގައެވެ. އޭރު އަލައިނާގެ ހިތް ވެސް ބާރަށް ތެޅެމުން ދިޔައެވެ.
“އަހަރެން…. އަހަރެން އުޅެނީ ކުއްޖަކާ ރައްޓެހިވެގެން….” ރެހާން އެޖަވާބަކަށް އެއްވެސް އެއްޗެއް ނުބުނެއެވެ. އަލައިނާ އަށް ބުނާނެއެއްޗެއް ނޭގުނެވެ.
“ދެން ދަނީ…” މިޝަލް އަނެއްކާވެސް ބުންޏެވެ.
“އާނ! ހިނގާ ދަމާ ދޯ، އަހަރެން ތި ދެކުދިންނާއިއެކު ތިކުދިންގެ ގެއާއި ހަމައަށް ގޮސްފައި އަހަރެންގެ ގެއަށް ދާނީ، އެންމެރަނގަޅުތަ” ރެހާން ވެސް ބުނެލިއެވެ.
“ރަނގަޅު ވާނެ އަހަންނާއިއެކު ނުދިޔަޔަސް، އަހަރެން އެކަނި ގޮސްދާނަން، މިތާ ވަރަށް ކައިރީގަ ގެ މިހިރީ…” މިޝަލް ރެހާންއަށް ބަލާލަމުން ހިނިތުންވެލިއެވެ.
“އެހެންވީރު އަހަރެން ލީން އާއެކީ ދިޔަޔަސް އޯކޭތަ؟” ރެހާން އަލައިނާއަށް ބަލާލިއެވެ. ބަސްހުއްޓިފައިވާ އަލައިނާ އާނއެކޭ ބުނުމަށް ހިނިތުންވެލިއެވެ.
އުދަރެހުން އިރުގެއްލި އަނދިރިކަން ވެރިވަނީއެވެ. ތިންމީހުން އެކީގައި ހިނގާލާފައި އެއްގަމަށް އަރަންދަނިކޮށް މިޝަލްއަށް ރުކެއްގެ ކައިރީ ހުރި މީހަކު ފެނުނުހެންހީވިއެވެ.
“މީކާޢިލް….”ސިހިފައި ވައިއަޑުން މިޝަލްއަށް ބުނެލެވުނެވެ.
“އެއްޗެއް ބުނިންތަ” ކައިރީގަ ހުރި ރެހާން އަހާލިއެވެ.
“ނޫން ނުބުނަން” މިޝަލް އަވަހަށް އޮޅުވާލިއެވެ. އޭރު މިޝަލްގެ ގެ ވެސް ފެންނަން ފަށައިފިއެވެ. ދެންވެސް މިޝަލް ބަލާލީ އެ ރުއްކައިރީ މީހަކު ހުރިތޯއެވެ. ރުއްކައިރީގައި ހުރި މީހާ މިޝަލްމެންނާ ދިމާލަށް ހިނގަމުން އަންނަންފެށިއެވެ. މިޝަލްގެ ހިތް އެއީ ކާކުތޯ ބެލުމަށް އެދޭވަރުން މަޑުކޮށްލެވުނެވެ. އަލައިނާ އާއި ރެހާން ވެސް މަޑުކުރިއެވެ.
ކަޅުކުލައިގެ ޓީޝާޓަކާ ޖިންސެއް ލާފައި ހުރި ޒުވާނާ ކައިރިވާވަރަކަށް އޭނަގެ މޫނު ހާމަވަމުން ދިޔައެވެ. އެ ހިނިއައިސްފައިވާ މޫނު ފެނުމުން އެއީ މިޝަލް ބައްދަލު ކުރަން ބޭނުންވެގެން އުޅޭ ޒުވާނާކަން ކަށަވަރުވިއެވެ. އެހިނދު މިޝަލްގެ މޫނު އުޖާލާވެގެން ދިޔައެވެ.
“އަހަރެން ދަނީ އިނގޭ، ފަހުން ގުޅާނަން ލީންއަށް” މިޝަލް ފަހަތަށް އެނބުރި ހިނގައިގަންނަމުން ބުނެލިއެވެ.
“ކޮންތާކަށް ޝެބީ، މިހާރު އެއޮތްގެން އަނދިރިވަނީ” އަލައިނާ މިޝަލްއަށް ބުނެލިއެވެ.
“އަހަރެންގެ ވަރަށް ގާތް ރައްޓެއްސެއް އެތާ އެބަހުރި، އޭނަ ކައިރިއަށް މިދަނީ. އޭނަ އާ ވާހަކަ ދައްކާލާފަ ގެއަށް ވަންނާނީ” މިޝަލް އަލައިނާގެ ޖަވާބަކަށް މަޑުނުކޮށް ހިނގައިގަތެވެ. އަލައިނާވެސް އިތުރު އެއްޗެއް ނުބުންޏެވެ. ރަކިގޮތަކަށް ރެހާންގެ މޫނަށް ބަލާލާފައި އިސްޖަހާލަމުން ކުރިއަށް ހިނގައިގަތެވެ.
މިޝަލް އަވަސް ފިޔަވަޅުތަކެއްގައި މީކާޢިލް އާއި ހަމަޔަށް ދިޔައެވެ. އޭރު މިޝަލް އަންނަތަން ފެނިގެން މިކާޢިލް މަޑުކޮށްގެން ހުއްޓެވެ. މީކާޢިލް ފެނުމުން މިޝަލް ހުރީ އުފަލުން ފުރިފައެވެ. ދެމީހުންގެ މޫނުމަތިންވެސް ފެންނަނީ އުފާވެރިކަމާ ހިތްހަމަޖެހުމެވެ.
“ކޮންއިރަކު މީކާޢިލް މިތަނަށް އައީ؟” މިޝަލް އަވަހަށް އަހާލިއެވެ.
“ދެންމެ” މިކާޢިލް ބުނެލިއެވެ.
“އަހަރެން ގެއަށް ދާން އުޅެނިކޮށް ތިއައީ” މިޝަލް މީކާޢިލް އަށް ބަލާލަމުން ބުނެލިއެވެ.
“އަހަރެން ވެސް މިޝަލް ދެކިލާހިތުން ހުރީ އަދި ފަހުން އަންނާނަން އިނގޭ” މީކާޢިލް ހިނގައިގަންނަމުން ބުނެލިއެވެ.
“ދަނީތަ، ހާދައަވަހަކަށް، ކޮންތާކަށް ތިދަނީ؟ މިޝަލް ކުޑަކޮށް މާޔޫސް ވާގޮތްވިއެވެ.
“އަދި އަންނާނަން، ގާތްގަނޑަކަށް މިރޭގެ ނުވަގަޑިބަޔާ ދިހަޔަކާ ދޭތެރޭ” މީކާޢިލް ވިސްނާލާފައި ބުނެލިއެވެ. މިޝަލް އަށް ލިބުނު ޖަވާބާ ދޭތެރޭ ހިތްހަމަޖެހުނެވެ. މީކާޢިލް މިޝަލް އޭނަގެ ގެއަށް ލާދިނުމަށްފަހު ހިނގައިގަތެވެ. މިޝަލް ގޭގެ ދޮރޯށިން ވަދެފައި އަނެއްކާވެސް މީކާޢިލް ދާތަން ބަލާލުމުގެ ބޭނުމުގައި ދޮރޯށި ހުޅުވާލާފައި ބޭރުބަލާލިއެވެ.
މިޝޭލް ވަރަށް ހައިރާންވިއެވެ. އެހާ ބާރަށް މީކާޢިލް ހިނގާތިއެވެ. އެއޮއް އަވަހަށް ދޮރުހުޅުވާ ބަލާލިއިރު މިކާޢިލްގެ އަސަރު ވެސް މަގުގައިނެތެވެ. މިޝަލް ދޮރުލައްޕާލަމުން އެތެރެއަށް ވަދެގެން ދިޔައެވެ.
މިޝަލް އެނދުގައި އޮށޯވެލައިގެން އޮތްއިރު ޓީވީ ހުރީ ހުޅުވާފައެވެ. ނަމަވެސް މިޝަލްގެ ސަމާލުކަންވަނީ އެހެންކަމަކަށް ދެވިފައެވެ. އިރު އިރުކޮޅާ މިޝަލްއަށް ފޯނުން ގަޑިބަލާލެވެއެވެ. މިޝަލްއަށް ކުރެވެމުންދާ އިޚްސާސް ތަކަކީ މުޅިންހެން އައު ކަންތައްތަކެވެ. އޭނަ މީކާޢިލް އާއި ބައްދަލު ކުރަން ބޭނުންވަނީ ކީއްވެކަމެއް އަދި އޭނަ ދުށުމަށް ހިތްއެދެނީ ކީއްވެ ކަމެއް ނޭނގެއެވެ. މި އިޙްސާސް ތަކަށް ދޭނެ ނަމެއް މިޝަލްއަކަށް އެއްގޮތަކަށް ވެސް ނޭނގެއެވެ. އެނގޭހާ ވެސް އެއްޗަކީ މިޝަލްގެ ހިތުގެ ކޮންމެވެސް ހިސާބެއްގައި ނޭނގޭ މުޅިން އައު ވިންދެއް ޖަހަންފަށައިފިކަމެވެ. މީކާޢިލްއަކީ މިޝަލްގެ އުމުރުގައި ވެސް އޭނާ އެހާގާތްކޮށް ވާހަކަދެއްކި ފުރަތަމަ ފިރިހެނާއެވެ. އެއީ މިއޮއް ހުރިހާ ދުވަހު ހޯދަމުން އައި ޒުވާނާ ބާއޭ މިޝަލްގެ ހިތްބުނަމުން ދިޔައެވެ.
މިޝަލް ކާންނުނިކުތުމުން ހަފްސާ އައިސް މިޝަލްގެ ކޮޓަރީގައި ޓަކިޖަހާލިއެވެ.
“ދަރިފުޅު، ޝެބީ…” ހަފްސާ ދޮރުހުޅުވާލިއެވެ. މިޝަލް އަވަހަށް ތެދުވިއެވެ.
“ޝެބީ، މަންމަ އާއިއެކު ކާން އާދެބަލަ” ހަފްސާ ދޮރުމަތީ ހުރެ ހަފްސާ ބުނެލިއެވެ. މިޝަލް ހަފްސާއާ އެކު ކާން ދިއުމަށްޓަކާ ޓީވީ ނިއްވާލާފައި ކޮޓަރިން ނިކުތެވެ.
ކާމޭޒު ދޮށުގައި ހަފްސާ އާއި މިޝަލް ކާންއިށީނެވެ.
“ޝެބީ ގާތު އެބައޮތް ވާހަކައެއް ބުނަންވެފައި” ހަފްސާ ކާން ފަށަމުން ބުންޏެވެ.
“ކޮންވާހަކައެއް” މިޝަލް އޭނަގެ ސަމާލުކަން ހަފްސާ އަށް ދެމުން ބުނެލިއެވެ.
“މަންމަ މިއުޅެނީ ރާއްޖެތެރެއަށް ފުރަން ޖެހިގެން…..ހީވަނީ ހަފްތާއެއްވަރު ވާނެހެން……….ޔަގީނުންވެސް ދެހަފްތާއަށްވުރެ ގިނަދުވަހެއް ނުވާނެ…………” ހަފްސާ މިޝަލްއަށް ބަލަން އިނދެބުނެލިއެވެ. މިޝަލް ވަކިއެއްޗެއް ނުބުނެ ބޯޖަހާލިއެވެ.
“ޝެބީ…….މަންމަ ހުންނާނީ ގޭތެރޭގަ ބޭނުންވާނެ ހުރިހާ ކަމަކަށް ސާޝާ އަށް ރުފިޔާދީފައި، ދަރިފުޅު އެއްވެސް ކަމެއް ބޭނުންތަ؟” ހަފްސާ މިޝަލް އާއި ސުވާލުކުރިއެވެ.
“ނޫން! އެކަމަކު މަންމަ އަވަހަށް އަނައްޗޭ” މިޝަލް ހަފްސާ ގާތުން އެދުނެވެ.
“ޝެބީ އެކަނިވަންޏާ ލީން ކައިރީ ބުނަންވީނު މިގެއަށް އަންނަން ވީނުންހޭ މަންމަ އަންނަންދެން މަޑުކޮއްލަން…” ހަފްސާ ޚިޔާލެއް ދިނެވެ.
“މަންމާ އަޅުގަނޑު އޯކޭ، ސޯ ޑޯންޓް ވޮރީ އިނގޭ، ކޮން އިރަކުން ފުރަނީ” މިޝަލް ބޭނުންވީ ހަފްސާ ހިތްހަމަޖައްސާލަ ދިނުމަށެވެ.
“މާދަމޭ ރޭ ފަތިހުން، ފަސްގަޑި ފަނަރައަށް ހުޅުލެއަށްދާން އޮތީ” ހަފްސާ މިޝަލްއަށް ގަޑިއޮޅުން ފިލުވައިދިނެވެ.
މިޝަލް އެކަނި ބަހައްޓާފަ ފުރަން ޖެހޭތީ ހަފްސާ ކަންބޮޑުވެއެވެ. ފުރައިގެން ދިއުމުން މުޅި ދުވަސް ނިމިގެން ދާއިރު އެންމެ ފަހަރަކުވެސް މިޝަލްގެ އަޑު ނޫނީ އެމޫނު ނުފެންނާނެ ތީއެވެ. ދަރިފުޅު ބޭނުމެއް ޖެހިދާނެކަމަށް ހަފްސާ މިޝަލްއަށް ރުފިޔާ ދިނެވެ. އެއީ އޭނައަށް އެއްވެސް ކަމެއް އުނިވިޔަ ނުދިނުމަށެވެ.
ހަފްސް އިނީ ކޮޓަރީގައެވެ. ފުރުމުގެ ކުރިން ނިންމަންޖެހޭ ބައެއް މަސައްކަތްތަކުގެ ލިޔެކިޔުންތައް ބެލުމުގައެވެ. އޭނާގެ ގާތުގައި މިޝަލް އިނެވެ. އެހެންއިންދާ މިޝަލްގެ ލޮލުގައި އެނދުގެ ކައިރީ ބަހައްޓާފައި ހުރި ގަޑި އަޅައިގަތެވެ. އޭރު އެއިން ނުވަގަނޑި ފަނަރަ ހިނގަނީއެވެ. މިޝަލް މަޑުމަޑުން ހަފްސާ ކައިރީ އެބަ އަންނަން ކަމުގައި ބުނެ އެކޮޓަރިން ނުކުތެވެ. އަދި އަވަހަށް އައިސް މިޝަލްގެ ކޮޓަރިއަށްވަދެ ލޯގަނޑު ބަލާލިއެވެ. އަމިއްލަ ސޫރަ ހުރީ ރީތިކޮށްތޯއެވެ. ލައިގެން ހުރި ޓޮޕަށް ދެތިންފަހަރު ދަމާލުމަށްފަހު ނިއުޅާލާފައި އޮތް އިސްތަށިގަނޑު ދެފަރާތުން ރީތިކޮށްލަމުން މިޝަލް ކޮޓަރިން ނުކުތެވެ. އަވަސް ފިޔަވަޅުތަކެއްގައި ވަރަށް ސިއްރުން އައިސް ބޭރު ދޮރު ހުޅުވާލިއެވެ. އަދި ދެފަރާތް ހޯދާ ބަލާލިއެވެ. އެކަކުވެސް ފެންނާކަށްނެތެވެ. މިޝަލް ފަސްވަރަކަށް މިނެޓް މަޑުކޮށްލުމަށްފަހު އެތެރެއަށް ވަނެވެ. ކޮޓަރިއަށް އައިސް އެނދުގައި އިށީދެ ފޫހިކަމާއެކީ ގަޑިއަށް ބަލާލިއެވެ. ދިހައެއް ޖަހަނީއެވެ. މީކާޢިލް އަންނާނެ އިރަކަށް އިންތިޒާރު ކުރެވެނީއެވެ. ކެތްތެރިކަން ކުޑަވެފައި އިންފަދަ ގޮތަކަށެވެ. މިޝަލް އަނެއްކާވެސް ގަޑިއަށް ބަލާލިއެވެ.
“މީކާޢިލް، ނާންނަނީތަ މިރޭ، ކަމެއް ދިމާވީބާ”މިޝަލްއަށް ބުނެލެވުނެވެ.
މިޝަލް ކޮޓަރީގައި ދެކޮޅަށް ދެކޮޅަށް ހިނގާލަ ހިނގާލަހުއްޓާ މިޝަލްއަށް ހީވީ އޭނަގެ ކަންފަތުގައި އެއަޑު ޖެހުނުހެންނެވެ. އަވަހަށް އަޑުއައި ދިމާލަށް ބަލާލެވުނެވެ. އެކަމަކު ނާއުންމީދު ވިއެވެ. ކުޑަދޮރު ކައިރީ އެކަކުވެސް ނެތުމުންނެވެ. އެހެން ހުރެ މަޑުމަޑުން ކުޑަދޮރުން ބޭރު ބަލާލިއެވެ.
“އެހެރީ…” މިޝަލްއަށް ކުއްލިއަކަށް މަގުގެ އަތިރިމައްޗާވީ ފަރާތުގައިހުރި ގަސްތަކުގެ ތެރެއިން މީކާޢިލް ހަނާއަޅާލިތަން ފެނުނެވެ. ލާފަ ހުރިއެއްޗެހިން އެއީ މީކާޢިލް ކަން ޔަގީންވިއެވެ.
މިޝަލް ދުވަހަކު ވެސް އެގަޑީގައި ބޭރަށް ނުކުމެ ނޫޅޭތީ ހަފްސާ ކައިރީ ބުނާނެ އެއްޗަކާމެދު ވިސްނާލެވުނެވެ. މިޝަލް ހަފްސާގެ ކޮޓަރިއަށް ވަދެ ގޮވާލިއެވެ.
“މަންމާ އަޅުގަނޑު އެބަ އަންނަންއިނގޭ ރައްޓެހި ކުއްޖަކާ އެކީ ބޭރަށް ގޮސްލާފަ….” މިޝަލް ހިތްއަވަސްވެފައި ހުރި ރާގަކަށް ބުނެލިއެވެ.
“މިގަޑީގަ، އަނެއްކާ އެއީ ކޮންކުއްޖެއްތަ” ހަފްސާ ބޭނުންވީ އަލައިނާ ފިޔަވާ ދެން މިޝަލް އެބުނާ ރަޙުމަތްތެރިއަކީ ކާކުތޯ ބެލުމެވެ. ނަމަވެސް މިޝަލް އެކަމާ ގަތާނުވާކަން އޭނާގެ މޫނުމަތިން ފެނިގެންދިޔައެވެ. އެއީ މީކާޢިލްގެ ވާހަކަ އެކަކު ކައިރީވެސް ދައްކަން މިޝަލް ބޭނުން ނުވާތީއެވެ. ވަގުތު އައިސް ޖެހުނީމާ ހުރިހާ އެންމެންނަށް ވެސް ކިޔާދޭން ނިންމާފައިވާތީއެވެ.
“މަންމާ އޭނާއާއެކު މިދަނީ ލީން މެންގެއަށް ދާން” މިޝަލް ދޮގެއް ހަދާލިއެވެ. މަންމައަށް އޮޅުވާލެވޭތީ ދެރަ ވެސް ވިއެވެ. މިޝަލް ގަބޫލުކުރިގޮތުގައި މިވަގުތައް މިނޫން ގޮތެއް ނެތެވެ.
ލަސްނުވެ އައުމަށް ހަފްސާއަށް ވައުދުވަމުން މިޝަލް ބޭރަށް ނުކުތެވެ. މިޝަލް ދޮރުން ނިކުމެ ނިކުމެ ހުއްޓާ ދޮރުމަތިންލާފައި ހުދު ހުދު ބުޅަލެއް ހުރަސްކަނޑާލިއެވެ. މިޝަލް ދިޔައީ ސިއްސައިގެންނެވެ. އޭގެ ސައިޒުން ވެސް މެއެވެ. އޭތި މިޝަލްއަށް ބަލާލި ގޮތުން މިޝަލްގެ ގައިން ހީބިނަގައިގެން ދިޔައެވެ. މިޝަލްއަށް ގެއިން ބޭރަށް އެންމެ ފިޔަވަޅެއް ވެސް އަޅާކަށް ނުކެރުނެވެ.
މިޝަލް އަވަހަށް ދޮރޯށި ލައްފާލިއެވެ. އަދި އިރުކޮޅަކު މަޑުކޮށްލުމަށްފަހު މަޑުމަޑުން އަނެއްކާވެސް ދޮރޯށި ހުޅުވާލިއެވެ. އަދި ބޭރަށް ނުކުމެ ދެފަރާތް ބަލާނުލެވެނިސް އެއްކަލަ ބުޅާ ފެނިއްޖެއެވެ. މިޝަލްގެ ހިތަށްއެރިއެވެ. ހަމަ މިވަގުތު އެސޮރު ވެސް މިގޭ ދޮރުމަތީ އޮންނަންޖެހޭ ހެއްޔެވެ. ދެން ލައްޕާލާފައި ހުޅުވާލާއިރު އޮވެއްޖެއްޔާ ފަހައިގަންނާނީއޭ ހިތާ މިޝަލް ދޮރޯށި ލައްޕާލަން ހިފާލިތަނާ މީހަކު ދޮރުގައި ހިފަހެއްޓިއެވެ. މިޝަލް ދިޔައީ ސިއްސައިގެންނެވެ. ދޮރޯށި ހުޅުވާލީ މީކާޢިލްއެވެ. މިޝަލްގެ ހިތުން ހުރިހާ ބިރުވެރިކަމެއް ފިލައިގެން ދިޔަކަހަލައެވެ.
“ދެކުނިންތަ މިތާ އޮތް ބުޅާ، އަހަރެން ދުވަހަކުވެސް އަދި ނުދެކެން އެހާ ބޮޑުބުޅަލެއް، ބޭރު އެއްޗެއް ކަންނޭނގެ” މިޝަލް މީކާޢިލްއަށް އެބުޅާ ސިފަކޮއްދޭން މަސައްކަތްކުރިއެވެ. އެހިނދު މިކާޢިލް ހޭން ފެށިއެވެ.
“ހޫމް! ދެކުނިން، އަނެއްކާ މިޝަލް ބިރުގަތީތަ” މީކާޢިލް ހެމުން ހެމުން އަހާލިއެވެ.
“އެހެނެއްނޫން، ދެން އެސޮރު ބޮޑުކަމުން…” މިޝަލް ބިރު ނުގަންނަ ކަމަށް ހެދިލިއެވެ.
“އެއީ ސޮރެއް ނޫނޭ، އެއީ މަންޖެއެއް” މީކާޢިލް މިޝަލް ބުނި އެއްޗެއް ރަގަޅުކޮށްލަދޭން އުޅުނުކަހަލައެވެ.
“ހިނގާދާން ހިނގާލަން، އެހެންނޫނީ މީހަކު ނުކުމެދާނެ، ދަމުން ވެސް ވާހަކަ ދެއްކިދާނެ އެންނު” މިޝަލް ބޭރަށް ނުކުންނަމުން ބުނެލިއެވެ.
މީކާޢިލް މިޝަލް ގޮވައިގެން ނުކުތީ އަތިރިމައްޗަށެވެ. ހަނދުވަރުގެ އަލިން މުޅިތަންވަނީ ދިއްލާލާފައެވެ. ދޮންވެލިގަނޑު މަތިން ދުވެލާ ކަކުނި ކިތަންމެހާވެސް ރީއްޗަށް ފެނެއެވެ. މޫދަށް އެޅިފައިވާ ހަނދުވަރުގެ އަލީގެ ސަބަބުން ރާޅުތައް ބަނޑި ބަނޑިއަށް ނަށަމުން ގެންދާއިރު މުޅިތަނަށްވަނީ ކުދިކުދި ޖަވާހިރުތަކެއް އުކާލާފައިވާހެންނެވެ. އޭގެ ދަޅައިން މޫދުވެސް ޖަރީވެފައި ވާކަހަލައެވެ. މަޑުމަޑު އޮއެގައި ރާޅުތައް އައިސް ދޮންވެލިގަނޑުގައި ބީހީލާފައިދާއަޑުން ފަޒާގައި މިއުޒިކެއް އުފައްދާފައި ހުއްޓެވެ. ހިތްގައިމު ފިނިފިނި ރެއެކެވެ. މިކަހަލަ ރީތިރެއެއްގައި މީކާޢިލްގެ ގާތުގައި ހުރެވޭނީ ހާދަ ނަސީބުގަދަ މީހަކަށޭ މިޝަލްގެ ހިތަށް އަރަމުން ދިޔައެވެ.
“މީކާޢިލް އަށް ކިހިނެއް އެބުޅަލަކީ އަންހެން އެއްޗެއްކަން އެނގެނީ” މިޝަލް ވާހަކަދައްކަންފެށިއެވެ.
“ދެން ހަމަ ފެނުނީމަ އެނގުނީ” މީކާޢިލް ޖަވާބު ދިނެވެ.
“މީކާޢިލް ބުޅަލެއް ގެންގުޅެން ދޯ” މިޝަލްއަށް މީކާޢިލް ދިން ޖަވާބު ނަގައިގަނެވުނީ އެހެން މާނައެއްގައެވެ. ވާނީވެސް އެހެންތާއެވެ. މީކާޢިލް އަކީ ހަޤީޤަތުގައި ކާކުކަމެއް މިޝަލްއަކަށް ނޭނގެއެވެ. އެހެންވުމުން މީކާޢިލް ބުނާ އެއްޗެއްގެ މާނަ ދެނެގަތުމަކީ މިޝަލް އަށް ފަސޭހަކަމަކަށް ނުވާނޭތާއެވެ.
“މީކާޢިލް އަށް ކުރުކޮށް ކިޔަނީ ކޮންނަމެއް” މިޝަލް އޮޅުން ފިލުވަން ބޭނުންވިއެވެ.
“ހަމަ މީކާޢިލް ކިޔަނީ، އަހަންނަށް ރަނގަޅީ މީކާޢިލް ގެ ނަމުން މުހާތަބުކުރިއްޔާ” މީކާޢިލް އޭނަ ހިތްހަމޭޖެހޭ ގޮތް ބުންޏެވެ.
ވާހަކައިގައި މިޝަލް ދިޔައިރު ވަޔާ އިސްތަށިތައް މޫނުމައްޗައް ވެރެމުން ދިޔައެވެ.
“މިޝަލް، އަހަންނަށް ވަރަށް ރީތި މިޝަލް އިސްތަށިގަނޑު ނިއުޅާލާފައި އޮންނައިރު” މިޝަލް އިސްތަށިތައް އެއްކޮށްލުމަށްފަހު ހިފަހައްޓާލުމުން މީކާޢިލް ބުންޏެވެ. އެއާއިއެކު މިޝަލް ރަކި ގޮތަކަށް މީކާޢިލް އަށް ބަލާލުމަށްފަހު އިސްތަށިގަނޑު ދޫކޮށްލިއެވެ.
މީކާޢިލް މޫދާ ކުރިމަތިވާގޮތަށް ރާޅުޖަހާތަން ބަލަންހުއްޓެވެ. މިޝަލް ވެސް އޭނަގެ ގައިގާ ޖެހޭ ނުޖެހޭ ހިސާބުގައި ހުއްޓިލައިގެން ހުއްޓެވެ.
“އަހަންނަށް މިކަހަލަ ހަނދުވަރުދޭ ރޭރޭ ވަރަށް ހިތްގައިމު، މިގޮތަށް އަތިރިމަތީ ވަރަށް ހިނގާލާހިތްވޭ” މީކާޢިލް ހަނދަށް ބަލަހައްޓައިގެން ހުރެ ބުނެލިއެވެ.
“އަހަންނަށް މިޝަލް ފުރަތަމަ ފެނުނީވެސް މިކަހަލަ ރެއެއްގައި” މީކާޢީލް އިސްދަށަށް ޖަހާލަމުން ބުނެލިއެވެ. އަދި އޭނަގެ ތުންފަތަށް ފަޑުހިނިތުންވުމެއް ވެރިވެގެންދިޔައެވެ. މިޝަލް ބުނާނެ އެއްޗެއް ނޭނގިފަ ހުރި ފަދަ ގޮތަށް މީކާޢީލްއަށް ބަލަހައްޓައިގެން ހުއްޓެވެ.
މިޝަލްއަށް ގެއަށް ވަދެވުނުއިރު ބާރަޖަހަން އުޅެނީއެވެ. މިރޭ އޭނާ ހުރީ ވަރަށް އުފަލުންނެވެ. މީކާޢިލް، މިޝަލްއާއި ވަކިވީ އޭނަ ގޭގެ ދޮރާހަމަޔަށް ގެނެސް ދިނުމަށްފަހު މިޝަލް އާއި އަދި ބައްދަލްކުރާނެ ކަމުގެ އުފާވެރި ޚަބަރު ދެމުންނެވެ.
ސާޝާ ނުނިދާ މިޝަލް ގެއަށް އަންނާނެ އިރަކަށް ގަޑި ބަލަބަލާ އިންދާ މިޝަލް ދޮރުން ވަންތަން ފެނުނެވެ.
“ޝެބީ، ހާދަ ލަސްވީ، މަންމަ ބުނީ ކޮއްކޮ އައީމަ ނިދާށޯ” ސާޝާ އޮޅުން ފިލުވަދެން މަސައްކަތްކުރިއެވެ. އޭނަ ހުރީ ވަރަށް ނިދިއައިސްފައިކަން އޭނަގެ މޫނާ އަޑުން ވެސް އެނގުނެވެ.
“އާން! ކުޑަކޮށް ލަސްވީ، ބޭރު ދޮރުތަޅުލާފައި ސާޝާ ދޭ ނިދަން، މަވެސް ކޮޓަރިއަށް މިދަނީ” މިޝަލް އޭނާގެ ކޮޓަރިއަށް ހިނގައިގަންނަމުން ބުންޏެވެ.
މިޝަލްގެ ލޮލުގައި ނިދީގެ އެއްވެސް އަސަރެއްނެތެވެ. އެކަމަކު ހެދުނު ޑިއުޓީއަށް ދާންޖެހޭނެތީ ނިދޭތޯ މަސައްކަތްކުރިއެވެ. މިޝަލްގެ މޫނުމަތީގައިވާ އުފާވެރި ހިނިތުންވުން ސިކުންތަކަށްވެސް ފިލައިގެންނުދެއެވެ.
“އަހަންނަށް ކިހިނެއްބާ މިވަނީ، ކޮންކަހަލަ އިޙްސާސްތަކެއްތަ މީ، މީކާޢިލް ދެކިލުމަށް އެވަރަށް ހިތްއެދެނީ ކީއްވެތަ، އަހަރެންގެ ހިތް ބުނާކަހަލަ، މީކާޢިލްއަކީ އަހަރެންގެ ހަޔާތައް ގެންނަން މިހާދުވަހު ނުފެނިހުރި ޕްރިންސް އޭ، ކީއްވެތަ އޭނަ ފެންނަ ކޮންމެފަހަރު އަހަރެންގެ ހަށިގަނޑު ފިނިވެ މަޑުކަފަކޮޅަކަށްވަނީ، އަނެއްކާ އަހަރެންގެ މަންޒިލަކީ މީކާޢިލްބާ” މިޝަލްގެ އަމިއްލަހިތާ ނަފްސާ އެތަކެއް ސުވާލެއް ކުރެވުނެވެ.
“އަހަންނަށް މީކާޢިލްދެކެ ލޯބިވެވެނީބާ” މިޝަލް ބާލީހުގައި ބާރަށް ބައްދާލަމުން ބުނެލިއެވެ. އެހެންއޮއްވަ މިޝަލްއަށް ނިދުނީ ކޮންއިރަކުކަމެއް ނޭނގެއެވެ.
ރޭގަ އެވަރަށް ވިސްނާފިކުރު ކުރުމުގެ ސަބަބުން މިޝަލް ހެދުނު ހޭލިއިރު އޭނާގެ ބޮލުގައި ކުޑަރިހުމެއް ހުއްޓެވެ. އެކަމަކު އެރިހުމުގެ ސަބަބުން މިޝަލްއަށް އެއްވެސް ބަދަލެއް ނާދެއެވެ. އޭނަ އެރިހުމުގެ މަތިން ހަދާން ނެތްކަހަލައެވެ. އެ ރީތި މޫނު މަތިން އަދިވެސްފެންނަން ހުރީ އުފާވެރިކަމާ ހިތްހަމަޖެހުމެވެ. ހެދުނުގެ ތާޒާ ކަމެވެ.
މިޝަލް ޔުނީފޯރމް ލައިގެން ލޯގަނޑު ކުރިމަތީ މޭކަޕް ކުރަން ހުއްޓާ ފޯނު ރިންގުވާން ފެށިއެވެ. އަވަހަށް ފޯނުނެގިއެވެ. އަދި ހެލޯ އޭ ބުނީ އެގަޑީގައި އަލައިނާ ނޫން އެހެން މީހަކު ނުގުޅާނެތީއެވެ.
“ހެލޯ މައިފޭވަރިޓް ގާލް……….މޯނިންގ” މިޝަލް ބުނެލިއެވެ.
“މައި ފޭވަރިޓް ގާރލް އޭ އެބަ ކިޔައެންނު، ޝެބީ، ރޭގަ ފަހުން ނުވެސް ގުޅަމެންނު” އަލައިނާ ޝަކުވާކޮއްލިއެވެ.
“އަޅެ ލީން، ދެންމެ މި ހަނދާންވީ، ވަރަށް ވަރަށް ބޮޑަށް ސޮރީ” މިޝަލް އަލައިނާއަށް ފަހުން ގުޅުމަށް ބުނިކަން ހަދާންވީ އަލައިނާ ބުނީމައެވެ.
“ހޫން! ދެންވެސް އަވަހަށް އާދެބަލަ، އެބަހުރި ވަރަށް ބައިވަރު ވާހަކަ ކިޔާދޭން ވެފަ، ސަޕްރައިޒެއް އެބައޮތް” އަލައިނާ ކެތްތެރިކަން ކުޑަރާގަކަށް ބުނެލިއެވެ.
“ތިހެންވީރު ހަމަމިހާރު މިދަނީ” މިޝަލް ފޯނު ބާއްވަމުން ބުނެލިއެވެ. އަދި ލޯގަނޑަށް އަވަސްގޮތަކަށް ބަލާލަމުން އަވަހަށް ކޮޓަރިން ނުކުތެވެ. ސާޝާ ހަދާފައި ހުރި ކޮފީ ތަށިން ކޯވަރެއް ބޯލުމަށްފަހު ގެއިން ނިކުތީ އަލައިނާ އާއި ބައްދަލު ކުރުމަށެވެ.
މިޝަލް އަށް މާދުރުން އަލައިނާ ބަސް ހުއްޓާތާ ބޭރުގައި ދެކޮޅަށް ހިނގާލަ ހިނގާލަ ހުއްޓާ ފެނިއްޖެއެވެ. އޭނާ ހުރިގޮތުން މިޝަލް ކައިރިއަށް ހިނިވެސް އައެވެ. މިޝަލް އައުމާއިއެކު އެލައިނާ އޭނާގެ އަތުގައި ހިފައިގެން ތަންކޮޅެއް ދުރަށް ޖެހިލިއެވެ. އެއީ އެގަޑީގެ ގޮތުން ބަސް ހުއްޓާތަނުގައި ވަރަށް ގިނަ މީހުން ތިބީމައެވެ.
“ދެން ބުނޭ، އަވަހަށް…” މިޝަލް ނުހުރެވިގެން ބުންޏެވެ.
“ކޮންތާކައްތަ މިޝަލް ދިޔައީ” އަލައިނާ ޖުމްލަ ފުރިހަމަ ނުކުރެވެނިސް އެވާހަކަ ފަހުންނޭ، އަދި ބުނަންއޮތް ސަޕްރައިޒު ބުނުމަށް މިޝަލް އެދުނެވެ. ހަމައެވަގުތު ހުޅުލެއަށްދާ ބަސް އައިސް އެތަނަށް މަޑުކޮއްލިއެވެ. މިޝަލް އާއި އަލައިނާއަށް ބަސްތެރޭ ވާހަކަ ދެއްކޭގޮތެއް ނުވިއެވެ. މީހުން ވެސް ގިނަވުމުގެ ސަބަބުނެވެ.
އޮފީހަށް އައިތަނާހެން ޑިއުޓީ އިންޗާރޖް މިޝަލްއަށް ގޮވާލިއެވެ.
“އެބަ އޮތް މިޝަލް އާއި ކުޑަ ވާހަކައެއް ދައްކާލަން” މިޝަލް ގާތު އިންޗާރޖް ބުނެލިއެވެ.
“މިހާރުތޯ” މިޝަލް އަހާލިއެވެ. މިޝަލް ޑިއުޓީ އިންޗާރޖާއިއެކު އެއްފަރާތަކަށް ޖެހިލިއެވެ. އަދި މިޝަލްގެ އަތަށް ފޯމެއް ދިނެވެ. އަދި އެފޯމު ފުރުމަށްފަހު މާދަމާގެ ހަވީރު ފަހެއް ޖަހާއިރު މާލޭ ހެޑް އޮފީހަށް ދިއުމަށް ބުންޏެވެ. މިޝަލް ވަރަށް ހައިރާންވިއެވެ.
“މީ އަނެއްކާ ކޮންކަމެއްތޯ، އަޅުގަނޑަށް އަނެއްކާ ކަމެއް ކުރެވުނީތޯ” މިޝަލް ކަންބޮޑުވެފައި ހުރެ އަހާލިއެވެ.
“ނޫން! ނޫން! އެއްގޮތަކަށް ވެސް އެހެންނެއް ނޫން، ދެން ވެދާނެ އެންނު ރަނގަޅު ކަމެއް ވާންކަމަށް ވެސް” އިންޗާރޖު ނުސީދާ ގޮތަކަށް މިޝަލް އަށް ޚަބަރެއް ދޭން މަސައްކަތްކުރިއެވެ.
“އަޅުގަނޑަކަށް ނުވިސްނުނު” މިޝަލް އިންޗާރޖަށް ބަލަންހުރެ ބުނެލިއެވެ.
“މީ ސިއްރެއް އިނގޭ، މިޝަލްއަށް ޕްރޮމޯޝަނެއް ދޭން ހެޑް އޮފީހުން ނިންމައިފައިވަނީ، މިޝަލް ވެސް ދެންވާނީ ޑިއުޓީ އިންޗާރޖަކަށް، އެކަމަކު މީ އަދި މިޝަލްއަށް ނީވޭ ވާހަކައެއް އިނގޭ” އިންޗާރޖު ވަރަށް ހިނިއައިސްފާ ބުނެލިއެވެ. އުފާވެރިކަމެއްގެ މައްޗަށް އިތުރު އުފާވެރިކަމަކާ ހިތްހަމަޖެހުމެކެވެ.
މިޝަލް އާއި އަލައިނާ ޑިއުޓީގައި އުޅުނުއިރި ހަމަޖެހިގެން ވާހަކަދައްކާލާނެ ފުރުޞަތެއް ނުލިބުނެވެ. އެހެންވެ ދެމީހުން ނިންމީ ޑިއުޓީ ނިންމާފައި ވާހަކަދައްކާލަން މިޝަލްގެ ގެއަށް އަލައިނާ އައުމަށެވެ. އަލައިނާއަށް މިޝަލްކައިރީ ވާހަކަ ބުނާހިތުން ހުރެވެނީއެއް ނޫނެވެ. އޭނަ އިރު އިރުކޮޅާ ގަޑިހިނގާލެއް ލަސްވެގެން އެވާހަކަ ދައްކައެވެ. އަނެއްކޮޅުން މިޝަލް ވިސްނަމުން ދިޔައީ މީކާޢިލްގެ ވާހަކަ އަލައިނާއަށް ކިޔާދޭނެ ގޮތަކާ ދޭތެރޭގައެވެ.
އަލައިނާ ގެއިން ނުކުންތާ މާގިނައިރެއް ނުވެ މިޝަލްމެންގެއަށް އާދެވިއްޖެއެވެ. ސާޝާ އޭނާއަށް މިޝަލް ވީތަން ބުނުދިނުމާއިއެކު ސިޑިން އަރައިގެން މައްޗަށް ދިޔައެވެ. އަދި އައިސް މިޝަލްގެ ކޮޓަރި ހުޅުވާލިއެވެ. އޭރު މިޝަލް އޭނާގެ ކޮޓަރީގައި ރީތިވާ މޭޒުކައިރީ ފުނާއަޅަން އިނެވެ.
“ކޮބާ ތިއައީ ދޯ…” މިޝަލް އަލައިނާ ވަންތަން ފެނިގެން ބުންޏެވެ.
“އާން! މި އާދެވުނީ” އަލައިނާ މިޝަލްގެ އެނދުގައި އިށީނދެ ހަމަޖެހިލަމުން ބުންޏެވެ.
“އަލައިނާގެ ވާހަކަ ކިޔައިދިނީމަ، ދެން އަހަރެންގެ ވާހަކަ ކިޔާދޭނަން، އެގޮތް އޯކޭ އެންނު” މިޝަލް ޝަރުތު ކުރިއެވެ.
“އޯކޭ، ހޫން! މިވީ ގޮތަކީ އިއްޔެ ރެހާން އެހިއެންނު ޝެބީ ކައިރީ ބިޓެއް ހުރޭތޯ، އެނގޭތަ އޭނަ އެހެންއުޅުނީ އަހަރެން ތަޅުވަންވެގެން، އެކަމަކު ފަހުން…” އަލައިނާ ވާހަކަ ކުރިއަށް ގެންދިޔައެވެ. އޭނާ ބުނަން ބޭނުންވީ ރެހާން އަލައިނާގެ ގާތުގައި ރައްޓެހިވާން އެހި ވާހަކައެވެ. ހުރިހާ ވާހަކައެއް ކިޔާދެމުން ދިޔައިރު އަލައިނާއަށް އެނދުގައި މަޑުމަޑުން އިނދެވެނީއެއް ނޫނެވެ.
“ޝެބީ އަހަންނަށް ރެހާންދެކެ ލޯބިވެވިއްޖެ، ވަރަށް ބޮޑަށް ލޯބިވެވިއްޖެ، ވަރަށް ލޯބިވޭ” އަލައިނާ ކިޔަމުން ދާ އެއްޗެހިންނާ އޭނަ އުޅޭ ގޮތުން މިޝަލް ހީކުރީ އޭނާ މޮޔަވީކަމަށެވެ.
“ލީން މޮޔަވީތަ” މިޝަލް އަހާލިއެވެ.
” އާނ! މޮޔަވީ، ޝެބީއަށް ވެސް ލޯބިވެވުނީމަ އެނގޭނީ، އެއީ ކިހާ މުހިއްމު އެއްޗެއްކަން، ދިރިއުޅުން އެޔާއިނުލާ ފުރިހަމަނުވާކަން” އަލައިނާގެ އެޖުމްލަ އިވުނީ މިޝަލްގެ ކަންފަތަކަށް ނޫނެވެ. އެޖުމްލަ އިވިގެން ދިޔައީ މިޝަލްގެ ހިތަށެވެ. އެހިތަށް ހީވީ ވިހަ ތީރުތަކެއް ހެރެމުން ދިޔަހެންނެވެ. މިޝަލް އަށް ބޭއިޙްތިޔާރުގައި މޭގާ އަތްއަޅާލެވުނެވެ. އަދި އެ ރީތި ދެފުންފަތުން މަޑު އާހެއް ބޭރުވިއެވެ. އަލައިނާއަށް މިމަންޒަރު ފެނިގެން ކިހިނެއްވީތޯ ސުވާލުކުރިއެވެ. މިޝަލް އެއްވެސް ކަމެއް ނުވެއޭ ބުނެ މޭގައިވާ އަތްނެގިއެވެ. މިޝަލްގެ ހިތައް އެހާ ތަދުވާންވީ ކީއްވެބާއޭ މިޝަލް ހިތައްއެރިއެވެ.
“ދެން ކޮބާ ޝެބީގެ ވާހަކަ، އިއްޔެ އެހާވަރުން މީޓު ކުރަން ދިޔައީ ކޮން ރައްޓެއްސަކާތަ” އެނދުގައި އޮށޯވެގެން އޮތް އަލައިނާ ތެދުވެ މިޝަލްއަށް ސަމާލުކަން ދެމުން އަހާލިއެވެ.
“އެއީ ދެންހަމަ ފްރެންޑެއް، މިފަހަކަށް އައިސް މިގޭ ދޮށުން ދިމާވާ، އަހަރުމެން ދެމީހުން ވާހަކަ ދައްކަން، އަނެއްހެން ކަމެއް ނޯވޭ” މިޝަލް ވަރަށް ވިސްނަމުން އަލައިނާއަށް ކިޔާދެމުން ދިޔައެވެ. ހަޤީޤަތަށް ހުރިހާ ވާހަކައެއް ކިޔާދޭން މަސައްކަތް ކުރިއިރު އަލައިނާވަނީ އެކަންތައް ޤަބޫލު ނުކޮއްފައެވެ. އެހެންވެ މިފަހަރު މިޝަލް ބޭނުންވީ އަލައިނާ ޤަބޫލު ކުރާނޭފަދަ ގޮތަކަށް ކިޔާދޭށެވެ.
” އެއީ ކާކު، ކޮންނަމެއްތަ ކިޔަނީ” އަލައިނާ އަހާލިއެވެ.
“މީކާޢިލް ކިޔަނީ، ވަރަށް ރީތި ވާނެ، އަދި ނޭނގޭ އޭނާގެ ޢާއިލާއާ ބެހޭ ގޮތުން އެއްވެސް އެއްޗެއް، އުޅެނީ ކޮންގެއަކުކަމެއް ވެސް ނޭނގޭ” މިޝަލް ޚިޔާލަކަށް ގެއްލިފައިނދެ ބުންޏެވެ.
“ޝެބީ! ޝެބީ!” ޚިޔާލީ ދުނިޔެއަކަށް ގެއްލިފައި އިން މިޝަލްއަށް އަލައިނާ ގޮވާލިއެވެ. މިޝަލް އަލައިނާއަށް ބަލާލިއެވެ.
“ޝެބީ، މީކާޢިލް ދެކެ ލޯބިވޭދޯ؟” އަލައިނާ ސުވާލުކުރިއެވެ. މިޝަލް އެސުވާލަށް އެއްވެސް ޖަވާބެއް ނުދެއެވެ. އޭރު އޭނަގެ މޫނު ހީވަނީ ރަތްޖަމްބެއް ހެންނެވެ. ހިތުގައި އުފެދޭ އިޙްސާސްތަށް އޭނާގެ މޫނުމަތިން ފާޅުވާ ކަހަލައެވެ.
“ޝެބީ ނުބުންޏަސް އަހަންނަށް އެނގިއްޖެ، އަހަރެންގެ ސުވާލުގެ ޖަވާބު ލިބިއްޖެ” އަލައިނާ ހެމުން ހެމުން އެނދުން ތެދުވިއިއެވެ. އަލައިނާ ޑްރެސިންގ ޓޭބަލްކައިރީ އިށީނދެ އިން މިޝަލްގެ ދެއަތުގައި ހިފާ ނެގިއެވެ.
“ޝެބީ، ތިބުނާ މީކާޢިލް ޝެބީދެކެ ލޯބިވޭތަ” އަލައިނާގެ ސުވާލަށް ޖަވާބު ދިނުމުގެ ގޮތުން މިޝަލް ބޯ ދެފަރާތައް ތަޅުވާލިއެވެ.
“ރެހާން ލީންދެކެ ލޯބިވާކަން ކިހިނެއް އެނގެނީ” މިޝަލް އަލައިނާ އާއި ސުވާލުކުރިއެވެ.
“ރެހާން ބުނީމަ، ދެން އޭނަ އުޅޭގޮތުން، އޭނަ ކެއަރކުރާ ގޮތުން ވެސް އެނގޭނެއެންނު”އަލައިނާ ފައްޗަކަށް އަމުނާލިއެވެ.
“ޝެބީ، އެނގޭތަ މަންމަ ބުނިއެއްޗެއް، މަންމަބުނީ، މަންމަ ވަރަށް ދެކެންބޭނުންވެޔޯ ޝެބީ މަންމަގެ ދަރިއަކަށްވެގެން އަހަރުމެންގެ ގެއަށް އަންނާނެ ދުވަހެއް، އަހަންނަށް އެނގުނު މަންމަ އެބުނި އެއްޗެއްގެ މާނަ، އެކަމަކު ޝެބީއަށް އެނގޭތަ، މަންމަ އެހެން ބޭނުންވިޔަސް، އަހަރެން ދެރައެއް ނުވާނެ ޝެބީ ދޮންބެއާ ރައްޓެހިނުވިއްޔޭ ކިޔާފައި، އަހަރެން ބޭނުމެއް ނޫން އަހަރުމެންގެ ރަޙުމަތްތެރިކަމަށްޓަކައޭ ކިޔާފަ ޝެބީ ދޮންބެއާ މެރީކުރާކަށް، މިއަދު އަހަންނަށް އެނގިއްޖެ ޝެބީގެ މީކާޢިލްއަކީ ޝެބީ އެންމެ ބޭނުންވާ މީހާކަން، އައި ބިލީވް އިން ލަވް، ލޯބިވާ މީހަކާ ގުޅިގެން ނޫނީ ލައިފް އުފާވެރިއެއްނުވާނެ” މިޝަލްގެ ގައިގާ އަލައިނާ ބައްދާލަމުން ބުނެލިއެވެ.
“ދެން ބުނެބަލަ، ކޮން އިރަކުން އަހަންނަށް މީކާޢިލް ދައްކާނީ” އަލައިނާ އަހާލިއެވެ.
“އަދި ދައްކާނަން، ލީން އަށް ނޫން ދެން އެހެން ކާކަށް ވަކި އަހަރެން އޭނަ ދައްކާނީ” މިޝަލް ބުނެލިއެވެ.
“މަންމަ އަށް އެނގޭތަ؟” އަލައިނާ މަޑުމަޑުން އަހާލިއެވެ.
“ނޫން، އެންމެ ފުރަތަމަ ވެސް މިކިޔާދިނީ ލީންއަށް، މަންމަ އެހި ކާކާ އެއްކޮށްތޯ ބޭރަށް ދަނީ، އަހަރެންބުނީ ރައްޓެހިކުއްޖަކާ އެކީ ލީން މެންގެއަށޭ، .ސޮރީ އިނގޭ” މިޝަލް އަލައިނާއަށް ބަލާލަމުން ބުނެލިއެވެ.
“ދެން އެހެންވެސް ވާނެދޯ، ޝެބީ މަންމަ ހަމަގައިމު ވެސް އަހަރެން މަންމައަށް ވުރެން ކޫލްވާނެކަން އަހަންނަށް އެނގޭ، އަހަރެންގެ މަންމައަށް އެނގިޖެއްޔާ ވާނޭގޮތެއްވެސް ނޭނގެ” އަލައިނާ ކަންބޮޑުވެފައި ބުނެލިއެވެ.
ރޭގަނޑުގެ ކެއުމަށް މިޝަލް އާއި އަލައިނާ އިންސާފުކުރަމުން ދިޔައިރު ހަފްސާ ވީ ޕާރޓީއަކަށް ގޮހެވެ. އަލައިނާ މިޝަލް އާއިއެކީ އިނީ ސިޓިންގ ރޫމުގައި ޓީވީ ބަލާށެވެ. އެހެންތިބިއިރު ދެމީހުންގެ އަމިއްލަ ވާހަކަތައް ދައްކަމުން ދިޔައެވެ. މިޝަލްއަށް ޕްރޮމޯޝަން ލިބެން އުޅޭ ވާހަކަ ބުނުމުން އަލައިނާ ވަރަށް އުފާވިއެވެ. އަދި މިޝަލް ފުރުމަށް ދީފައި އޮތް ފޯމު ފުރުމުގައި އެހީތެރިވެދިނެވެ. މިޝަލް ފޯމު ގެންގޮސް ކޮޓަރިއަށް ލާފައި އައިސް އަލައިނާ ގާތު ސޯފާގައި ހަމަޖެހިލައިގެން ޖައްސާލަމުން ގަޑިބަލާލިއެވެ. މިރޭ މީކާޢިލްގެ އެއްވެސް ޚަބަރެއް ނުވެއޭ، މިޝަލްގެ ހިތަށް އެރިއެވެ. ލަސްވެފައި ހުރުމުން އަލައިނާ ގެއަށް ދިއުމަށް އާޙިލްއަށް ގުޅިއެވެ. ވިއްސަކަށް މިނެޓް ތެރޭ އާޙިލް އައުމުން އަލައިނާ ގެއަށް ދާން ނުކުތީ ހެދުނުން ދިމާވާނެކަމަށް ބުނަމުންނެވެ. އަލައިނާ އާއިއެކު ދޮރޯށި ދޮށަށް ދިއުމުގެ ބަދަލުގައި މިޝަލް ސޯފާގައި މަޑުކޮއްލިއެވެ. އޭރު ގަޑިން ބާރަ ޖަހަނީއެވެ. މިޝަލް ސޯފައިގައި އިންއިރު އޭނަގެ ޚިޔާލާ ފިކުރު ވަނީ އެހެން ކަމަކަށް ދެވިފައެވެ. އޭނަ ވިސްނަމުން ދަނީ މީކާޢިލް އާއި މެދުގައެވެ.
ސާޝާ ނިދަން ވަނުމުން މިޝަލް ވެސް ތެދުވީ ކޮޓަރިއަށް ދާށެވެ. ކޮޓަރީގެ ދޮރު ހުޅުވާލުމާއިއެކު މިޝަލްދިޔައީ ސިއްސައިގެންނެވެ. އެހާ އުފާ ވެސް ވިއެވެ. މީކާޢިލް ހުރީ މިޝަލްގެ ކޮޓަރީގެ ކުޑަދޮރު ކައިރީ ލެނގިލައިގެން ހެވިފައެވެ. އެވަގުތު މިޝަލް އޭނާ އެކޮޓަރިއަށް ވަންގޮތެއް ބަލާކަށް ބޭނުމެއް ނުވިއެވެ. އެއީ އެކަހަލަ ކަންތައްތަކަކީ މިޝަލްއަށް މިހާރު އެހާ މުހިއްމު ކަންތައްތަކެއް ނޫނެވެ. މިޝަލް ބޭނުންވީ ހަމައެވަގުތު މީކާޢިލްގެ ގައިގާ ގޮސް ބައްދާލުމަށެވެ. އެތަނަވަސްމޭގައި ބޯއަޅާލަމުން އެރީތިމޫނަށް އިރުއަރަންދެން ބަލަން އޮތުމަށެވެ.
“ނުވަންނާނަންތަ” މިޝަލް ސިހިގެން ދިޔައީ މީކާޢިލްގެ އަޑަށެވެ. މިޝަލް އެތެރެއަށް ވަދެ ކޮޓަރީގެ ދޮރުލައްޕާ ތަޅުލިއެވެ.
މީކާޢިލް ހުރީ މިޝަލް އުޅޭ ގޮތް ބަލާށެވެ. މިޝަލް މަޑުމަޑުން އައިސް ޑްރެސިންގ ޓޭބަލްގެ ގޮނޑީގައި މީކާޢިލްއަށް ބަލަމުން އިށީނެވެ.
“ކިހިނެއްތަ؟” މިޝަލްއަށް އަހާލެވުނީ އެވަރަށެވެ. އެކަމަކު މިޝަލް މީކާޢިލް ގާތުގަ އަހަންބޭނުންވާ ވަރަށް މުހިއްމު ސުވާލެއް އެބައޮތެވެ. އަހާނީ ކިހިނެއްކަމެއް މިޝަލްއަކަށް ނުވިސްނެއެވެ. އެއީ އޭގެ ޖަވާބު ލިބޭގޮތަކުން މިޝަލްގެ ހިތަށް ކޮށްފާނެ އަސަރެއްގެ ބޮޑުކަމުންނެވެ.
“އަހެރެން ވަރަށް ހަދާންވޭ މިޝަލް ދެކެ، މިޝަލް ހަދާންވޭތަ އަހަރެންގެ މަތިން” މީކާޢިލް ވާހަކަދައްކަން ފެށިއެވެ. މިޝަލްއަށް އޭގެ ޖަވާބުގައި ވަރަށް އަވަހަށް ބޯޖަހާލެވުނެވެ.
“އަހަރެން މިރޭ މިއައީ ކީކުރަންތޯ ނާހާނަންތަ” މީކާޢިލް އަހާލިއެވެ.
“މީކާޢިލް އެހެންރޭރޭ ވެސް އަންނަމެންނު” މިޝަލް ބުނެލިއެވެ.
“މިރޭ މިއައީ މިޝަލްއަށް އަހަރެންނާ ބެހޭ ވަރަށް ގިނަ ވާހަކަތަކެއް އޮޅުންފިލުވައި ދޭން ބޭނުންވެގެން” މިޝަލް މީކާޢިލް އެދައްކަން އުޅޭ ވާހަކަ އަޑުއެހުމަށްޓަކާ ގޮނޑިއާއެކީ މީކާޢިލް ކައިރިއަށް ޖެހިލިއެވެ. ހަމައެވަގުތު ދޮރުގެ ތަޅުގައި މީހަކު ހިފާލިއަޑުއިވުނެވެ. މިޝަލް އަށް ވަގުތުން ތެދުވެގެން ދޮރާދިމާލަށް ދެވުނެވެ.
“ދަރިފުޅާ، ޝެބީ. ދޮރުހުޅުވާލަބަލަ” ހަފްސާގެ އަޑުއިވުނެވެ. މިޝަލް އަށް ބަލާލެވުނީ މީކާޢިލްއަށެވެ.
“މަންމަ އެގޮވަނީ، މީކާޢިލް އަވަހަށް ދޭ މިތަނުން މަންމައަށް ފެނިއްޖެއްޔާ ކިހިނެއްހަދާނީ” މިޝަލް ހާސްވެފައި ހުރެ ބުނެލިއެވެ. މީކާޢިލް ހުރި ފިޔަވަޅުމަތީ މިޝަލްއަށް ބަލަހައްޓައިގެން ހުއްޓެވެ. އޭރު ދެވަނަފަހަރަށް ހަފްސާ ގޮވާލައިފިއެވެ. މިޝަލް ދާހިތްލަން ފެށިއެވެ. މީކާޢިލް ދާންނޫޅެ އެ ހުންނަނީ ކިހިނެއްވެފައިބާއޭ މިޝަލް ހިތައް އެރިއެވެ. އަދި ކުޑަކުޑަކޮށް ދޮރު ހުޅުވާލިއެވެ.
“މަންމާ” މިޝަލް އަވަހަށް އަހާލިއެވެ.
“ފުރުން ލަސްވީ މިރެއަށް، މިއައީ ޝެބީ ގާތު އެވާހަކަ ބުންނަވެގެން، ކާކާތަ ތި ވާހަކަދައްކަނީ” ހަފްސާ އަހާލިގޮތުން މިޝަލްގެ ތެޅިތެޅިއޮތް ހިތް ހުއްޓުނުކަހަލައެވެ. މިޝަލްއަށް ބޭއިޙްތިޔާރުގައި ފަހަތަށް ބަލާލެވުނެވެ. އޭރު މީކާޢިލް ހުރިގޮތަށް ހުއްޓެވެ. އޭނަ ބިރަކުން ހާސްވެގެންނެއް ނޫޅެއެވެ. ހަފްސާ ދޮރުގައި ހިފާލާފައި އެތެރެއަށް ބޯދިއްކޮލިއެވެ. މިޝަލް ހުރީ އެފަދަ ކަމަކަށް ތައްޔާރުވެގެންނެއް ނޫނެވެ. މިޝަލްއަށް ދެލޯމަރާލެވުނެވެ. މީކާޢިލް ފެނިފަ ހަފްސާ ބުނާނެ އެއްޗެއް ނޭނގޭތީއެވެ.
“ފޯނެއްގަ ދޯ ތިއޮތީ، އެހެންވެ ދޯ މަންމަ ގޮވީމަ ވެސް އަޑުނީވުނީ” ހަފްސާގެ ވާހަކަ އަޑުއިވިފައި މިޝަލް ވަރަށް ހައިރާންވިއެވެ. ކޮޓަރިއަށް ކޮންމެވެސް ވަރަކަށް ވަދެހުރި ހަފްސާއަށް މިޝަލްގެ ކޮޓަރީގެ ކުޑަދޮރާދިމާލުގައި މަޑުކޮށްލައިގެން ހުރި މީކާޢިލްއެއް ނުފެންނަކަން މިޝަލްއަށް އެނގުނީ ދެނެވެ. އެކަމަކު މިޝަލްއަށް ރެޔާދުވާލު ވަކިވާފަދައިން މިކާޢިލް އެބަ ފެނެއެވެ. އޭނަ ހިނިއައިސްފައި ބަލަން ހުރީ ހަފްސާ އާއި މިޝަލް އަށެވެ.
“މަންމާ އޯކޭ އެންނު ދޯ، އެކޮޅަށް ގޮސްފައި އެހާ ގިނަ ދުވަސްނުކޮށް އަވަހަށް އަންނަށްޗޭ އިނގޭ” މިޝަލް ހަފްސާ ދިއްކޮށްލި ޗެކުފޮތުގައި ހިފަމުން ކޮނޑާކޮނޑުޖައްސާ ސަލާމް ކުރިއެވެ.
“އާނ! ދަރިފުޅު ވެސް ބަލައިގެން އުޅެއްޗޭ، މީ މަންމަ ދަރިފުޅު ކަމެއް ބޭނުންވެދާނެ ކަމަށް ސޮއެކޮއްފަ ދޭ ޗެކްފޮތެއް، މަންމަ މިދަނީ ފުރަންދާން” ހަފްސާ ނުކުމެގެން ދިއުމުން އަވަސް އަވަހަށް މިޝަލް ދޮރުލައްޕާ ތަޅުލިއެވެ.
މިޝަލް، މީކާޢިލްއަށް ހައިރާންވެފައި ހުރެ ބަލާލިއެވެ.
“މިޝަލްއަށް އަހަރެން އަންގަން ބޭނުންވާ ސިއްރަކީ އެއީ” މީކާޢިލް އެބުނިޖުމްލަ އާއިމެދު މިޝަލްއަށް ވިސްނާލެވުނެވެ. މީކާޢިލް ފެންނަނީ މިޝަލްއަށް އެކަނިކަން މިޝަލްއަށް އެނގުނެވެ. އޭނަގެ ހިތުގެ ވިންދު އަވަސްވިއެވެ.
“މީކާޢިލް، ކީކޭތަ ތިކިޔަނީ، ކީއްވެތަ މަންމައަށް މީކާޢިލް ނުފެންނަންވީ” މިޝަލްއަށް ލިބިފައިވާ ހާސްކަމާއެކު ހުރިހާކަމެއް އޮޅުންފިލުވަން ބޭނުންވިއެވެ.
“މިޝަލް، އަހަރެންގެ ސިއްރުތައް މިހާމަކުރަނީ ހަމައެކަނި މިޝަލްއަށް، އަހަންނަށް މިޝަލްއަށް އޮޅުވާލައިގެން އުޅޭހާ ހިތްވަރެއް ލިބިފައި ނުވާތީ، ހަނދާންވޭތަ މިޝަލް ބުނީމެންނު އަހަރެން ފެނުމުން ހިޔެއްނުވެއޭ އަހަންނަކީ އިންސާނެއްހެނެއް، އެރޭ ވެސް އަހަރެން މިޝަލްއަށް ދޮގެއް ނަހަދަން، އަހަރެން ބުނިން އަހަންނަކީ އިންސާނެއް ނޫނޭ، އަހަރެން ފުރަތަމަ މިޝެލް އާއި ބައްދަލުވި ރޭ ނުކުތީ ހަނދުވަރުގެ އަލީގައި ހިނގާލާ ފިނިކޮއްލުމަށް އަދި ރަށުތެރެ ބަލާލުމަށް، އެވަގުތު އަހަންނަށް މިޝަލް ފެނުނީ ދަންގަނޑިއެއްގައި އެކަނިމާއެކަނި ގެއަށް ދަނިކޮށް، މިޝަލް ދިޔައީ ވަރަށް ބާރަށް ހިނގާފައި، އެކަމަކު މިޝަލްއަށް އަހަރެން މިޝަލްގެ ފަސްފަހަތުން އަންނަކަމެއް ނޭނގޭނެ، އެރޭ މިޝަލްއަށް ނުރައްކައްލެއް ދިމާވާން އިޅުމުން އަހަންނަށް ބަލަހައްޓައިގެން ނުހުރެވުނީ، މިޝަލް ހަނދާންވޭތަ އެރޭ ގެއަށް އަންނަނިކޮށް މިޝަލް ދިޔަނުދޭންވެގެން ކުޑަގޮފިކޮޅެއް ހުރަސްއެޅިކަން، އެއީ އެވަގުތު އެތަނަށް ފޭބި ނުބައި މާރިދެއް، އެމީހުންނާ އަހަރުމެންނާ ވަރަށް ތަފާތުވާނެ، އަހަރުމެން ދެކެ ވަރަށް ބިރުގަންނާނެ، އެއީ އަހަރުމެންނަށް އެސޮރުމެން އަންދާލުމުގެ ބާރުއޮންނާތީ، އެވަގުތު އަލިވެގެން ދިޔަތަން އަހަންނަށް އެނގުނު މިޝަލްއަށް ވެސް ފެނުނުކަން، އެއީ އަހަރުމެންނަށް އުފެދުމުގައިވެސް ލިބިފައިމިވާ ދެވަރައިގެ ބާރު، އަހަންނަށް މިޝަލް ރީތިވުމުގެ ސަބަބުން ވާހަކަ ދައްކާލާހިތުން މިޝަލް ފާޚާނާގައި ހުއްޓާ ގޮވާލެވުނީ، އެކަމުގެ ސަބަބުން މިޝަލް ހުން އައީ، އެއީ އަހަރުމެން މިދުނިޔޭގައި އިންސާނުންނާއެކީ އުޅުނަސް އަހަރުމެން ވަނީ އިންސާނުންގެ ލޮލަށް ނުފެންނަގޮތަށް ހައްދަވާފައި، އަހަރުމެންނަށް އިންސާނުންނަކާ އެއްވެސް ގުޅުމެއް ނުބޭއްވޭނެ، އިންސާނުންގެ ހަށިގަނޑު އަހަރުމެންގެ ހޫނު އިޙްސާސް ކުރެވޭވަރަށް ވުރެން ބަލިކަށި، އެހެންވެ މިޝަލް ހުންއައިސް ބަލިވީ އަހަރެންގެ ސަބަބުން، އެނގޭތަ، މިޝަލްގެ މަންމައަށް މިރޭ އަހަރެން ނުފެނުނީ އަހަރެން ފެންނަން ބޭނުންނުވީމަ، މިޝަލްއަށް އެނގޭތަ އަހަރެންގެ އާއިލާއެއްވެސް އޮވޭ، ތިމާގެ މީހުންވެސް ތިބޭ” ވާހަކަ މިހިސާބަށް ދިޔައިރު މީކާޢިލްގެ މޫނުމަތިން ފުރަތަމަ ފަހަރަށް ހާސްކަން ފެނުނެވެ.
މިޝަލް އެއްވެސް އެއްޗެއް ނުބުނެ މީކާޢިލްގެ ވާހަކަތައް އަޑުއަހަން އިނެވެ. ގައުވެފައި އިން ބުދެއްހެން އިންއިރު އޭނާގެ ދެލޯ ހުރީ ބޮޑުވެ މީހާ ދާހިތްލާފައެވެ. އެކަމަކު އޭނާއިނީ ބިރަކުން ނޫނެވެ. އެއްވެސް ވަރަކަށް މިޝަލް، މީކާޢިލް ދެކެ ބިރެއް ނުގަނެއެވެ. މީކާޢިލް އޭނަގެ ވާހަކަ ކުރިއަށް ގެންދިޔައެވެ.
“އަހަރެންގެ ތިބެނީ މަންމަ އާއި ބައްޕަ އާއި އަންހެން ކޮއްކޮއެއް، އަހަރެންގެ ކޮއްކޮއަށް އެނގުނު އަހަރެން އިންސާނަކާ ބައްދަލު ކުރާކަން، އެކަން އެނގުމުން އޭނާ އައީ މިޝަލް ބަލާލުމަށް ، ކުރިން ރެއަކު މިޝަލް އަށް ފެނުނު ބޮޑު ހުދު ބުޅަލަކީ އަހަރެންގެ ކޮއްކޮ ބަލްޤިސް، އެކަމަކު އެއީ އަހަންނަށް އެނގިގެން ވީކަމެއް ނޫން، އަހަންނަށްވެސް ފެނުނީ އޭނަ އެރޭ އައިސްގެން އުޅޭތީ، އަހަރުމެންނަށް ޖަނަވާރުންގެ ސިފައަށް ބަދަލުވުމުގެ ކުޅަދާނަކަން ލިބިފައިވޭ” މީކާޢިލް އިސްދަށަށް ޖަހާލިއެވެ.
“އަހަންނަށް މާފުކުރޭ މިޝަލް، އަހަންނަށް އެނގޭ އަހަންނަށް މިކުރެވެނީ ކުށެއްކަން، އެކަމަކުވެސް، އަހަންނަށް… އަހަންނަށް މިޝަލްދެކެ ލޯބިވެވުނީ ގަސްތުގައެއް ނޫން، އަދި ދެރައެއްދޭކަށް ވެސް ނޫން، އަހަންނަށް އެނގޭހާ ވެސް އެއްޗަކީ އަހަންނަށް މިޝަލް އާއި ދުރުގައި އުޅެން ފަސޭހަކަމަކަށް މިހާރު ނުވާކަން، މިޝަލްއަށް އެނގޭތަ، އަހަންނަށް މިޝަލްދެކެ ލޯބިވެވުނު ދުވަހުންފެށިގެން އަހަރެންގެ ޝަކުވާއަކީ އަހަރެން އިންސާނަކަށް ވީނަމައޭ، ނުވުންއެއީ އަހަރެންގެ ބަދުނަސީބު ބާއޭ، އަހަރެންގެ މި ސިރުއްތަ ހާމަ ކުރާ ދުވަހަކުން މިޝަލް ކައިރިއަށް އައުމުގެ ނަސީބު ގެއްލިގެން ހިނގައިދާނެބާއޭ، މިޝަލްދެކެ އަހަރެން ވަރަށް ވަރަށް ލޯބިވޭ، މުޅިއުމުރުގައި ދުވަހަކު ވެސް ދުނިޔެމަތީގެ އުފަލަކަށް އެންމެ ފަޅި ސިކުންތަކަށްވިޔަސް ލިބުމަށް އެދެވުނު ހަމައެކަނި އުފަލަކީ ތީ، އަހަރެންގެ މިހުރިހާ ސިފަތަކާއެކު މިޝަލް އަހަރެން ގަބޫލުކުރާނަންތަ، ބުނެބަލަ، މިޝަލް އަހަރެންދެކެ ލޯބިވޭތަ؟” މީކާޢިލް އައިސް މިޝަލްގެ ކުރިމަތީ ކުޑަކަކޫ ޖަހާލިއެވެ.
މިޝަލް އެއްވެސް އެއްޗެއް ނުބުނެ އިސްދަށަށް ޖަހާލައިގެން އިންގޮތަށް އިނީއެވެ. މީކާޢިލްގެ ފަރާތުން އޭނަ އަޑުއަހަން ބޭނުންވާ ޖުމްލަ އަޑުއިވިއްޖެއެވެ. އެއާއެކު މީކާޢިލްއަކީ އޭނަފަދަ އިންސިއެއް ނޫންކަން ވެސް އެނގުމުން ބުނާނެ އެއްޗެއް ނޭނގިފައި އިނދެވުނީއެވެ. މިޝަލްއަށް ލިބިފައިވާ ހާސްކަމާއެކު އޭނަގެ އިނގިލިތަކާ އިރުއިރުކޮޅާ ކުޅެލެވެއެވެ. މީކާޢިލް އިންތިޒާރު ކުރަމުން އެދަނީ މިޝަލްގެ ޖަވާބަކަށްކަން ވެސް އޭނާއަށް އެނގެއެވެ.
މީކާޢިލް ތެދުވެ އަނެއްކާ ވެސް ކުޑަދޮރާ ދިމާލަށް ގޮސް ފުރަގަސްދީފިއެވެ. އެވަގުތު މިޝަލްގެ ހިތް މީކާޢިލް ހުއްޓުވުމަށް ނުކުންނަން އުޅުނުކަހަލައެވެ. މިޝަލް، މީކާޢިލް ދާކަށް ބޭނުމެއް ނޫނެވެ. އޭނަގެ ހިތާ ފުރާނައަށްވުރެވެސް މީކާޢިލްދެކެ ލޯބިވެއެވެ. ދުލުން ހާމަކުރުމަށް ނުކުޅެދެނީ ކީއްވެކަމެއް ނޭނގެއެވެ. ބުނަން ކިތަންމެހާވެސް ބޭނުންވެއެވެ. މީކާޢިލްގެ ލޯތްބަށް އެދި އެހިތް ރޯވަރު މިޝަލްގެ ދެލޮލުން ފެންނަން ފެށިއެވެ. މިޝަލް އަށް މޫނުގައި ދެއަތްއެޅުނެވެ.
ފުރަގަސް ދީގެން ހުރި މީކާޢިލް މިޝަލްއަށް ބަލާލިއެވެ. އެވަގުތު އޭނާގެ އަތުތެރެއަށް މިޝަލް ގެނެސް ބޮނޑިކޮށްލުމަށް ބޭނުންވިއެވެ. އޯގާތެރިކަމާއެކީ އެފަންއިސްތަށިގަނޑުގައި ފިރުމާލަން ބޭނުންވިއެވެ. މިޝަލް ރޯތަން ދެކޭކަށް އެއްގޮތަކަށް ވެސް މީކާޢިލް ބޭނުމެއްނޫނެވެ.
“މިޝަލް، ތިގޮތަށް ނުރޮއޭ، އަހަރެން ގާތު އެއްފަހަރުވެސް ދާށޭ ބުނަބަލަ، އޭރުން އަހަރެން ދުވަހަކުވެސް މިޝަލްއަށް ނުފެންނާނަން، ބިރުނުގަނޭ، އަހަރެން މިޝަލްއަށް ކަމެއް ނުކުރާނަން އެއަށްވުރެ މާ ލޯބިވޭ” މީކާޢިލް ގެ ހިތްހީވީ ކުދިކުދި ވާހެންނެވެ.
މިޝަލް ގޮނޑިންތެދުވުމާއިއެކު ދުވެފައިކަހަލަ ގޮތަކަށް އައިސް މީކާޢިލްގެ މޭގައި ލައްވެލިއެވެ. މީކާޢިލް ހުރިގޮތަށް ހުރީއެވެ. މިޝަލްގެ ގައިގާ އަތްލަން ވެސް ނުކެރިފައެވެ.
“ކީއްވެ… ކީއްވަތަ… މީކާޢިލް ބުނެބަލަ” މީކާޢިލް ހައިރާންވެފައި ދޭންވީ ޖަވާބެއް ނޭނގި މިޝަލްއަށް ބަލަހައްޓައިގެން ހުއްޓެވެ. މިޝެލް ބުނަން އެ އުޅޭނީ ކީކޭކަމެއް ނޭނގޭތީއެވެ.
“މީކާޢިލް، އަހަރެންގެ ވެސް އޮތީ މީކާޢިލްއަށް ލިބިފައިވާ ކަހަލަ ހިތެއް، އެހިތުގައިވެސްވަނީ ލޯބި އުފެދިފައި، އަހަރެން ވެސް މީކާޢިލްދެކެ ލޯބިވަން، އަހަރެންގެ މިހިތް ބޭނުމެއްނުވޭ މީކާޢިލްއަކީ ކޮންކަހަލަ މީހެއްތޯ ބަލާކަށް، އަހަންނަށް މީކާޢިލްގެ ފަރާތުން ފެންނަ ހުރިހާކަމަކަށް ލޯބިޖެހިއްޖެ، މިހާރު އަހަންނަށް ވެސް އެނގޭހާ އެއްޗަކީ އަހަންނަށް މީކާޢިލް އާއި ނުލާ ނޫޅެވޭނެކަން، އަހަރެންގެ ދިރިއުޅުމުގެ ބައެއްކަމުގައި މީކާޢިލް ވެއްޖެކަން” މިޝަލްގެ ހިތް މީކާޢިލްއަށް ހުޅުވާލިއެވެ.
މީކާޢިލް، މިޝަލް ދުރައްޖައްސާލަމުން އޭނަގެ އެރީތިމޫނު މީކާޢިލްގެ އެބޮޑުއަތްތިލައިން ހިފަހައްޓާލިއެވެ. މިޝަލްގެ ލޯފޮހެލަ ދެމުން މީކާޢިލް ބޮލުގެ އިޝާރާތުން ރުއިން ހުއްޓާލުމަށް އެދުނެވެ. މީކާޢިލް އުފަލުންހުރެ މިޝަލްގެ ކޮނޑުގައި ހިފައި މަޑުމަޑުން އޭނަގެ ހަށިގަނޑާ ކައިރިކޮށްލުމާޢިއެކު މިޝަލްގެ ބޮލުގައި ބޮސްދިނެވެ.
“އަހަރެން ބޭނުން މިޝަލްއަށް އެއްޗެއް ދައްކާލަން” މީކާޢިލް ބުނެލިއެވެ.
“ކޮންއެއްޗެއް” މިޝަލް، މީކާޢިލްއާއި ދުރަށް ޖެހިލަމުން އަހާލިއެވެ. މީކާޢިލް ހުރީ ވަރަށް ހިނިއައިސްފައެވެ. މިޝަލްއަށް އެމޫނު ފެނުމުން ވެސް ހިތްހަމަޖެހުން ލިބިގެންދިޔައެވެ. ހިތަށް ފިނިކަން ގެނެސްދޭފަދަ ރީތިކަމެކެވެ.
“ބިރު ނުގަންނައްޗޭ” މީކާޢިލް ބުނެލިއެވެ.
“ޖިންނިއަކާއެކު ހުރިއިރު އަދިވެސް ބިރުގަންނަން ޖެހޭތަ” މިޝަލް ލޯފޮހެލަމުން ހެވިފައި ބުނެލިއެވެ. މިޝަލް އަށް މީކާޢިލް އެހެން ބުނުމުން މިފަހަރުވީ މަޖަލަކަށެވެ.
“އެހެންވީރު އަހަންނާއެކު ދާން ކެރޭނެތަ ތަނަކަށް” މީކާޢިލް މިޝަލްއަށް ބަލާލަމުން ބުނެލިއެވެ. މިޝަލް ބޯޖަހާލިއެވެ.
މީކާޢިލް މިޝަލްގެ ކުޑަދޮރުން ފުއްމާލިއިރު އޭނަގެ އެބާރުގަދަ އަތުތެރޭ މިޝަލް އޮތެވެ. މީކާޢިލްގެ ކަރުގައި ވެއްޓިދާނެތީ އަތްއަޅުވާލައިގެން މިޝަލް އޮތެވެ. ތިންވަނަ ބުރިން ފުއްމާލި މީކާޢިލްގެ ދެފައި ބިމުގައި ޖެހުނުކަން މިޝަލްއަށް އިހްސާސް ވިއެވެ. އޭނާގެ ހަށިގަނޑަށް އެއްވެސް ގެއްލުމެއް ނުލިބެއެވެ. ނުވިތާކަށް ގުޑުމެއްވެސް އަރާނުލިއެވެ. އެވަގުތު މީކާޢިލް މިޝަލްއަށް ބަލާލިއެވެ. ދެމީހުންގެ މޫނުމަތިން ވެސް ފެނުނީ ހިނިތުންވުމެކެވެ. އޭރު މީކާޢިލް ކުރަން އެއުޅެނީ ކޮންކަމެއްބާއޭ މިޝަލްގެ ހިތަށް އަރަމުންދިޔައެވެ. މީކާޢިލް ދުވަނީ ކަމެއް ހިނގަނީ ކަމެއް މިޝަލްއަކަށް ނޭނގެއެވެ. ގަސްތަކުތެރެއިން ލާފައިގޮސް ހުޅުލެއަށްދާން އޮންނަ ބޮޑުމަގަށް ނުކުމެއްޖެއެވެ. މީކާޢިލް، މިޝަލް މަޑުމަޑުން މަގުގެ މެދުގައި ބައިންދާލިއެވެ. އަދި މިޝަލް އާއި ދުރަށް ފަހަތަށް ހަވަރަކަށް ފިޔަވަޅުއަޅާލިއެވެ.
“ކޮބާ އަދިވެސް ތިއިނީ އަހަރެން ދައްކަން މިއައި ކަމެއް ބަލާލާ ހިތުންތަ” މީކާޢިލް ބުނެލިއެވެ. އޭނަގެ އަޑުގައިވަނީ ޒުވާންކަމުގެ ޖޯށެވެ. ލޯބީގަ އާވާރާވެފައި ހުރި މީހެއް ފަދައެވެ.
“ދެންދައްކަބަލަ، އޭރުންނު އެނގޭނީ، މީނީ ރެޑީވެގެން” މިޝަލް ވެސް ހިނިއައިސްފައި އިނދެ ބުނެލިއެވެ. ކުއްލިއަކަށް މުޅިތަން އަލިކޮށްލުމާއިއެކީ ސަތަރިގަނޑެއްގައި ވައިއެޅީމަ ގޮވާފަދަ އަޑެއް ގޮވައިގެން ދިޔައެވެ. މުޅިމަގުއޮތީ އެއްކޮޅުން އަނެއްކޮޅަށް ދިއްލާލާފައެވެ. މިޝަލް އަޖައިބުވެ އަންތަރީސްވީވީނުން އޭނާގެ އަނގަ ވެސް ހުޅުވިގެން ދިޔައެވެ. މީކާޢިލް އޭނާގެ ވަރަ ދެފަރާތަށް ފަތުރާލައިގެން ހެވިފައިހުއްޓެވެ.
“އޭންޖެލް” މިޝަލްއަށް ވައިއަޑަކުން ބުނެލެވުނެވެ. މީކާޢިލް އަށް އެއަޑު ވަރަށް ސާފުކޮށް އިވުނެވެ. އެއާއިއެކު އޭނާ ބާރަށް ހޭންފެށިއެވެ. މިޝަލް އަދިވެސް އިނީ މަގުގެ ހުރަހަށް އެއްކޮޅުން އަނެއްކޮޅަށް ފެތުރިފައި އޮތް މީކާއިލްގެ ވަރައަށް ބަލަހައްޓައިގެންނެވެ. މީކާޢިލް، މިޝަލްއަށް އޭނަގެ ކަނާތް ދިއްކޮށްލިއެވެ. އަތުތެރެއަށް އަންނާށޭ ބުނާ ފަދަ ގޮތަކަށެވެ. މިޝަލް އަވަސް އަވަހަށް ތެދުވެގެން އައިސް މީކާޢިލްގެ އަތުގައި ހިފިއެވެ.
“މިއަތުން ދެނެއް ދުވަހަކުވެސް ދުލެއް ނުކުރާނަން” މީކާޢިލް ކުއްލިއަކަށް މިޝަލް ގެނެސް މޭގާޖައްސާލަމުން ބުނެލިއެވެ. އަދި އަތްދަނޑިމައްޗަށް މިޝަލް އުފުލާލުމާއިއެކު އޭނާ ގޮވައިގެން މީކާޢިލް މައްޗަށް އުދުއްސައިގަތެވެ.
(ފުރަތަމަބައި ނިމުނީ)