LOABIVAATHEE UFAA DHEYNAMEY [EP-14]

“ހެޔޮނުވާނެ މާމާ… އަޅުގަނޑު ކޮންމެފަދަ ކަމަކަށް ވެސް ކެތްކޮށްފާނަން. އެކަމަކު ތިޔަހެން ނުބުނޭ. އަޅުގަނޑު ރީން އާއި ދަރިފުޅު ބޭނުން. ރީން ނޫން މީހަކާ އަޅުގަނޑު ދުވަހަކު ވެސް ކައިވެންޏެއް ނުކުރާނަން. ކޮންމެ މީހަކަށް ވެސް ކުށެއްކުރެވިދާނެއޭ މާމަ ވެސް ބުނަމެއްނު… އަޅުގަނޑަށް ކީއްވެ ދެވަނަ ފުރުޞަތެއް ނުލިބެންވީ… އަޅުގަނޑު ހުރިހާ ކަމެއް ރަނގަޅުކުރާނަން… ދުވަހަކުވެސް ދެން ރީން ދެރަވާވަރުކަމެއް ނުކުރާނަން…”

“ރީން ދެކެ އެހާ ވެސް ލޯބިވޭތަ؟” މޮޔައެއް ފަދައިން އީތަން ވާހަކަދައްކަނިކޮށް ރާބިއާ އަހާލިއެވެ.

“މާމާ. އަޅުގަނޑު މިއޮއް މޮޔަވަނީ… ހަދާނޭ ގޮތެއް ނޭނގި ސިކުނޑި ފަޅައިގެންދަނީ… އަޅުގަނޑަށް އެހީވެދީ މާމާ… ޕްލީޒް މާމާ. އަޅުގަނޑަށް އެހީވެދީބަލަ… އަޅުގަނޑުގެ ވާހަކަ ރީން ޤަބޫލުކުރާނީ ކިހިނެއް ހެދީމާތަ؟” ދުވަހަކު ވެސް އީތަން މިހާރު އެ އުޅޭ ގޮތަށް އުޅެނިކޮށް ރާބިއާ ނުދެކެއެވެ. ހަދާނޭގޮތެއްނޭނގި ނިކަމެތިވެފައިވާ މީހަކު ފަދައިން ރާބިއާގެ ގާތުގައި އީތަން އާދޭސްކުރަމުން ދިޔައެވެ.

ރާބިއާގެ ކޮޓަރި ދޮރު ލައްޕާލި ގޮތަށް ދޮރުފަތުގައި ކަންފަތް ޖަހާލައިގެން ހުރި ހަމްރާއަށް ކަމެއް ފަހުމުވާގޮތެއް ނުވިއެވެ. އެހެންނަމަވެސް އޭނާއަށް ވެސް އީތަން ރޮމުން އެއްޗެހި ތަކެއް ކީކަން އެނގެއެވެ. މެޔަށް ފިނިގެންވެގެން ދިއުމުން ކަނާތުން މޭގައި އަތްއަޅާލެވުނެވެ. ކަންބޮޑުވުމާއެކު ދޮރާ ދިމާއަށް ބަލާލާފައި ތަޅުގައި ހިފާލިއެވެ. ނަމަވެސް ރާބިއާ އޭނާ އެ ކޮޓަރިން ބޭރަށް ފޮނުވާލީ ސަބަބަކާ ނުލައެއްނޫންކަން ހިތަށް އެރުމުން ވަންނާކަށް ނުކެރުނެވެ. އެ ކޮޓަރީގެ ދޮރުމަތީގައި ހަމްރާ ހުއްޓިލައިގެން އެތައް އިރަކު ހުއްޓެވެ. އެހެން ހުއްޓާ ގޭގައި މަސައްކަތްކުރަން އުޅޭ ނޯކަރު ކުއްޖާ އައިސް ހަމްރާއަށް ގޮވާލިއެވެ. އަދި ހެނދުނުގެ ސައިތައްޔާރުކުރަން ފަށަންވީތޯ ސުވާލުކުރިއެވެ. ގަޑި ބަލާލަން ހަމްރާ ހަނދާންވީ ވެސް ދެނެވެ. އިރުއަރައި ދިޔައީއެވެ. އެހެންޏާ ނޯކަރު ކުއްޖާއާއެކު އޭނާ ވެސް ބަދިގެއަށް ވަންނާނެއެވެ.

“ހިނގާ…” ހަމްރާ މިހެން ބުނެ ބަދިގެ ފަރާތަށް ދިއުމަށް ހިނގައިގަތެވެ.

އީތަންގެ ގައިގާ ރާބިއާ އައިސް ހިފަހައްޓާލިއެވެ. އަދި ދެއަތުން އީތަންގެ މޫނުގައި ހިފާލަމުން އޭނާއާ ދިމާއަށް އުފުލާލާފައި ނިކަން ލޯތްބާއެކު އީތަންގެ ދެ ލޮލާއި ކޯތާފަތް ފުހެލަ ދިނެވެ. މާޔޫސްވެފައި ހުރި އީތަންގެ އަތުގައި ހިފާލަމުން ގެނެސް އެނދުގައި ބޭންދިއެވެ. އޭނާގެ ގާތުގައި ރާބިއާ އިށީނދެ ވާހަކަދައްކަން ފެށިއެވެ.

“އީތަން. އަދިވެސް ރަނގަޅަށް ވިސްނާލަބަލަ…. މިހާރު އެ އަންހެންކުއްޖާއާ އީތަން ގުޅެން ތި ނިންމަނީ ހަމަ ލޯބިންތަ؟ ނޫނީ އޭނާގެ މައްޗަށް ހަމްދަރުދީ އުފެދިގެންތަ؟ މާމަ ޔަޤީންކުރަން ޖެހެނީ، ކައިވެންޏަކީ ބޭނުންވީމަ އިނދެފައި ހިތްކެނޑުނީމާ ވަރިވާން އޮންނަ ގުޅުމަކަށް ނުވާތީ…”

“މާމާ. ދުވަހަކު ވެސް އަޅުގަނޑު ކަމަކާ މިހާ ޔަޤީންނުވޭ. ރީންދެކެ ހަޤީޤަތުގައި ވެސް އަޅުގަނޑު ލޯބިވޭ. އިރާދަކުރެއްވިއްޔާ އަޅުގަނޑުގެ އަނތްބެއްގެ ގޮތުގައި މުޅި އުމުރު ވެސް ރީން ބަހައްޓަން ބޭނުން”

“ބައްޕަ އާއި މަންމައަށް ތި ވާހަކަތައް ކިޔައި ނުދީ މާމަ އެކަނި ނިންމުމެއް ނުނިންމޭނެ. އެކަން ދަރިފުޅަށް އެނގެއެއްނު”

“އާން މާމާ… އެކަމަކު އަޅުގަނޑަކަށް ނުކެރޭނެ ބައްޕައަށް މި ވާހަކަތައް ކިޔައިދޭކަށް. ބައްޕަ ނުރުހުންވާނޭވަރު ހިތަށް އަރުވާލަން ވެސް ނޭނގޭ”

“ކޮންމެ މީހަކަށް ވެސް ރުޅި އާދެވޭނެ. އީތަންއަށް ކުރެވުނީ ކުޑަކުށެއްނޫން… މިއަދު އީތަންއަށް ޖެހޭނީ އެންމެންގެ ރުޅި އާއި އެމީހުން ކިޔާ އެއްޗިއްސަށް ކެތްކުރަން. ދަރިންގެ މައްޗަށް މައިންބަފައިން ވަރަށް ބޮޑު އުންމީދެއް ކުރާނެ. އެ އުންމީދުތައް ފުނޑުފުނޑުވެ ދަރިން ނުބައި މަގު ޚީޔާރު ކުރުމުން މައިންބަފައިންނަށް އެ ލިބޭ ހިތްދަތިކަމަކީ ދަރިންނަށް ވެސް އަންދާޒާ ނުކުރެވޭނޭހާ ބޮޑު ހިތާމައެއް…. މާމަ ދުވަހަކު ވެސް ހިޔެއްނުކުރަން އީތަން ތިހާ ފަރުވާކުޑަވެދާނެއެކޭ. ތިމާގެ ޢަމަލުތައް ނުހިފެއްޓޭ ހިސާބަށް ހިނގައިދާނެއެކޭ…”

“އަޅުގަނޑަށް މާފުކުރޭ މާމާ. އަޅުގަނޑު ޤަބޫލުކުރަން ތި ހުރިހާ ވާހަކައެއް ވެސް… އަޅުގަނޑަކީ ކުށްވެރިއެއް…”

“ހެނދުނުގެ އުފާވެރިކަމާއި ތާޒާކަން އެންމެންގެ މޫނުމަތިން ގެއްލޭނޭ ދުވަހަކަށް މިއަދު ވާނެ… އެހެންވިޔަސް ކުރާނޭކަމެއް ދެން ނެތް… ހިނގާ އީތަން. ހަމްރާ އާއި ސުފިޔާނުގެ ގާތުގައި ތި ހުރިހާ ވާހަކައެއް މާމަ ދައްކާއިރު އީތަން އިންނަންޖެހޭނެ”

“މާމަ، އަޅުގަނޑު ހުވާކުރަން ކޮންމެ ކަމަކަށް ވެސް އަޅުގަނޑު ކެތްކޮށްފާނަން. އެކަމަކު ރީންއާ ވަކިވާކަށް ބޭނުމެއްނޫން. އަޅުގަނޑަށް ރީން ހޯދައިދީ….”

“ތިކަން ކޮށްދެވޭތޯ މާމައަށް ކުރެވޭނީ މަސައްކަތް. ޔަޤީންކަމެއް ނުދެވޭނެ…” ރާބިއާ މިހެން ބުނުމުން އީތަން ނުހަނު ބޮޑަށް މާޔޫސްވެ އިސްޖަހާލިއެވެ. އެއާއެކު ރާބިއާ ތެދުވެ އީތަންގެ ކޮނޑުގައި އަތްޖައްސާލައިފައި އޭނާއާއެކު އައުމަށް ބޮލުން އިޝާރާތްކޮށްލިއެވެ.

“އިހަށް ދޭ ކޮޓަރިއަށް. މާމަ އަންގާލީމާ ބަދިގެ ފަރާތަށް އާދޭ” ކޮޓަރިން ނުކުމެފައި ރާބިއާ ހުއްޓިލީ ޚިޔާލު ބަދަލުވެގެންނެވެ. އެއާއެކު އީތަން ކޮޓަރިއަށް ފޮނުވާލާފައި ރާބިއާ އެކަނި ބަދިގެ ފަރާތަށް ދިއުމަށް ނިންމިއެވެ.

“މަންމާ…” ރާބިއާ ބަދިގެއަށް ވަންތަން ފެނުމާއެކު ކެތްތެރިކަން ކުޑަވެފައި ހުރި ހަމްރާ ގޮވާލިއެވެ. އެހިނދު ރާބިއާ އަތުން އިޝާރާތްކޮށްލީ މަޑުކުރުމަށެވެ.

“ހަމްރާ، ސުފިޔާނު ކޮބާ؟ އަހަރެން ވަރަށް ބޮޑު ވާހަކައެއް ކަލޭމެން ދެމީހުންނަށް ކިޔައިދޭން އެބަ ޖެހޭ”

“ކިހިނެއްތޯވީ މަންމާ… އީތަން ރުއިކަން އެނގޭ. އޭނާއަށް ކިހިނެއްވީ… ވީގޮތެއް ނޭނގޭތީވެ އަޅުގަނޑު ހާސްވެގެން މިހިރަ ހަލާކުވަނީ”

“މިހާރަކުނޫން ތި ވާހަކަދައްކާނީ… އައިނީ އާއި އައިދަންއާ ދެބެން ސައިބޯން އަންނަން އުޅޭނެ. އެކުދިން ގެއިން ދިޔައީމާ އަހަރެން ބޭނުންވަނީ އެ ވާހަކަދައްކަން” ރާބިއާ މިހެން ބުނުމުން އިތުރަށް ހަމްރާ ހާސްވިއެވެ. އަދި ބޮޑުކަމެއްވެއްޖެކަން ޔަޤީން ކުރެވުނެވެ. ރާބިއާގެ މޫނުމައްޗަށް ބަލާލި ނަމަވެސް އެކަން އެނގޭހާވެއެވެ. އޭނާގެ މުނޫމަތީގެ އަސަރުތައް އޮއްސި މީހާއަށް ހިމޭންކަމެއް ވެރިވެފައި އިނެވެ.

* * * *

“ރީން… ކިހިނެއްވެފައި މިތާ ތިހުރީ. މިދުވަސްކޮޅު އަރާމުކުރުން ވަރަށް މުހިންމުވާނެ” ޓެރެސްގައި ހުއްޓިލައިގެން ހުރި ޒޫރިންއަށް އޭނާގެ ފަހަތުން އައި ރޭޝްމާގެ އަޑު އިވުމާއެކު އަވަހަށް ދެ ލޯ ފުހެލިއެވެ.

“ކަމެއްނުވޭ ހަމަ ހުރެލީ މިތާ” އިސްޖަހާލާފައި ރޭޝްމާއާ ދުރަށް މޫނު އަނބުރާލަމުން ޒޫރިން ބުނެލިއެވެ.

“ރީން… ލޯބިވާ މީހުންނާ ދުރުގައި ހުރުމަކީ ހިތުގައި ކިހާ ވޭނެއް އަޅާކަމެއްކަން މަންމައަށް ފުރަތަމަ ވެސް އެނގުނީ ދަރިފުޅުގެ ސަބަބުން. އެނގޭތަ އެއީ ކިހިނެއްކަން…” ޒޫރިންގެ ދެ އަތުގައި ހިފާލަމުން ރޭޝްމާއާ ކުރިމަތިވާ ގޮތަށް ޒޫރިން އަނބުރާލިއެވެ. އަދި ނިކަން ލޯބިން ވައަތުން ޒޫރިންގެ ކޯތާފަތުގައި އަތްޖައްސާލިއެވެ.

“ރީންގެ ހިނިތުންވުން ގެއްލިއްޖެ. ހަށިގަނޑު އަނަރޫފަވެގެން ދިޔަ ދިޔައިނުން ވައިރޯޅިއެއް ޖެހިލިޔަސް ދަރިފުޅަށް ކަމެއްވެދާނޭތީ މަންމަ ބިރުގަނޭ… އެހާ ވެސް ހިކިއްޖެ… އުޅެން މަޖުބޫރުވެފައި ހުރީތީ އުޅޭހެން ހީވަނީ… ރީތިވުމަށް ކުރިން ހުރި ޝައުގުވެރިކަން ގެއްލިއްޖެ… ޝޮޕިންގ ކުރާހިތްވާ ކުއްޖެއްތީ. އެކަމަކު ގޭގެ ދޮރޯށިން ބޭރަށް ނުކުތީ ކޮންދުވަހަކު… ހިތާމަކޮށް ރޮއެރޮއެ ދެ ލޯ ކައިރި ތިވަނީ ކުލަބަދަލުވެފައި. ތި ދެ ލޮލުގައި ދުޅަކަމެއްނުވާ އިރެއް ނުދޭ… މިހުރިހާ ކަމެއް ގުޅިފައިވަނީ އެންމެ ކަމަކާ… އެއީ ދަރިފުޅުގެ ހިތުގައި އުފެދިފައިވާ ލޯބި. އެ ލޯބި ނުލިބިގެން ދަރިފުޅަށް އައިހާ ބަދަލު މި ކިޔައިދިނީ… މިހާ ދުވަސްވީއިރު ދަރިފުޅަށް އީތަންގެ މަތިން ހަނދާންނައްތައެއްނުލެވުނު. ރީންއަށް އެނގޭތަ. ދެން އަމުދުން އީތަންގެ މަތިން ހަނދާންނައްތައެއްނުލެވޭނެ. ކުޑަކުޑަ ޝަމްޢާން ފެންނަ ކޮންމެ ފަހަރަކު ރީންގެ ޟަމީރު ހަނދާންކޮށްދޭނެ އީތަންގެ މަތިން. މަންމަ ނުބުނަން އެއްފަހަރު ވެސް އީތަން ކަންތައްކުރީ ރަނގަޅަކަށޭ… އެކަމަކު މި މަންމަ ބޭނުން މަންމަގެ ދަރިފުޅު… މަންމަގެ ރީން އެނބުރި އަންނަން ބޭނުން… ގޭތެރޭގެ ދިރުން އެނބުރި އަންނަން ބޭނުން… ދަރިފުޅު ހީނލާތަނާއި އުފަލުގައި އުޅޭތަން ދުށުމަށް ބޭނުން…”

ރޭޝްމާގެ އަތްތިލަ ކޯތާފަތާއި ދުރުކޮށްލާފައި ޒޫރިން އިސްޖަހާލިއެވެ. އަދި ދޭނޭ ޖަވާބެއް ނޭނގިފައި އިރުކޮޅު ހުރުމަށްފަހު ރޭޝްމާގެ ގާތުން ދުރަށް ދިއުމަށް ހިނގައިގަތެވެ. ޒޫރިން ދާތަން ބަލަން ހުރެފައި ރޭޝްމާ މަޑުމަޑުން ދެފަރާތަށް ބޯހޫރާލިއެވެ.

ކޮޓާރިއަށް ވަދެ ދޮރުލައްޕާލާފައި ޒޫރިން އައިސް އެނދުގައި އޮށޯވެލިއެވެ. އުއްޑުން އެއްފައި މައްޗަށް އަނެއްފައި އަރުވާލައިގެން ބާލީސްގެނެސް މޭގައި ބާއްވާލައިގެން ޒޫރިން އޮތެވެ. އޭނާ ވިސްނަމުން ދިޔައީ އީތަންއާ މެދުއެވެ. ރޭޝްމާ ބުނީ ތެދެކެވެ. ޚުދު ޒޫރިންއަށް ވެސް އެކަން އެނގެއެވެ. އީތަންގެ ލޯބިން މަހުރޫމުވެއްޖެކަން އެނގުނު ދުވަހުން ފެށިގެން އޭނާގެ ފުރާނަހުއްޓެއްކަމަކު މަރުވެއްޖެއެވެ. އަމިއްލަ ނަފްސަށް ކިރިޔާ ވެސް ހިތްވަރެއް ލަމުންދިޔައީ ބަނޑުގައިވާ ދަރިފުޅު އުފަންކުރުމަށްޓަކައި އެކަންޏެވެ.

“އަހަރެންދެކެ ލޯބިވާން މިހާ ދުވަސް އީތަން ނެގީ ކީއްވެ. މިހާރު ތިއުޅެނީ ލޯތްބަށްވުރެ ހަމްދަރުދީވެގެން. ތި ހަމްދަރުދީއެއް އަހަރެން ބޭނުމެއްނޫން…. ލޯބިވާކަށް އީތަންއަކަށް ނޭނގޭނެ…” ދެ ލޯ މަރާ ތަގުޅިކޮށްލުމާއެކު ދެފަރާތަށް ޒޫރިން ބޯހޫރަންފެށިއެވެ. އެވަގުތު އޭނާގެ ހިތާއި ސިކުނޑިއަށް އަރަމުންދިޔައީ އީތަން ދެއްކި ވާހަކަތަކެވެ. އެހެންނަމަވެސް އެ ވާހަކަތަކުގައި ހުރީ ކިހާވަރެއްގެ ތެދުވެރިކަމެއްކަން ދެނެގަންނާން ޒޫރިންއަކަށް ނޭނގުނެވެ. ޤަބޫލުކުރަން ބޭނުންވިޔަސް ލިބިފައިވާ ހިތްދަތިކަމާއި ކުރިމަތިލާންޖެހުނު ކަންތައްތައް އީތަންގެ ވާހަކަތައް ތެދުކުރުމަށް ހުރަސް އަޅަނީއެވެ.

* * * *

“އީތަން އޮފީހަށް ނުދޭތަ؟” ސައިބޮއެގެން ތެދުވަމުން އައިނީ އަހާލިއެވެ.

“މިއަދަކު ހިޔެއްނުވޭ ދާނެހެނެއް. ދެން ދޭ އަވަހަށް އޭރުން ގަޑިނުޖެހި ދެވޭނީ” ހަމްރާ ބުނެލިއެވެ.

އައިދަން އާއި އައިނީ ނުކުމެގެން ދިއުމުން އިރުކޮޅަކު މަޑުކޮށްލުމަށްފަހު ނޯކަރު ކުއްޖާގެ ގާތުގައި އީތަންއަށް ގޮވާލުމަށް ބުންޏެވެ. އޭރު ސުފިޔާނު ވެސް ސައިބޮއެ ނިމިގެން މަޑުކޮށްލައިގެން އިނީ ރާބިއާ އެދިގެންނެވެ. ސުފިޔާނުގެ ގޮނޑީގައި ހިފަހައްޓާލައިގެން ހަމްރާ ކޮޅަށް ހުއްޓެވެ. އީތަން އައިސް އެތަނަށް ވަންނާނޭ އިރެއްގެ އިންތިޒާރުގައި ހުރި ކަހަލައެވެ. ސުފިޔާނުގެ މޫނުމަތިން މާބޮޑު އަސަރުތަކެއް ފާޅުނުވިޔަސް ހަމްރާ ހުރީ އިންތިހާއަށް ކަންބޮޑުވެފައެވެ.

“އިށީނދޭ…” ދޮރުމަތީގައި އީތަން މަޑުކޮށްލުމުން ރާބިއާ ބުނެލިއެވެ. އީތަންއަށް ވެފައި ހުރި ގޮތް ފެނި ސުފިޔާނު ސުވާލުއުފެދުނެވެ. އޭނާއަށް ވެސް މިފަހަރު ބަލާލެވުނީ ރާބިއާއަށެވެ.

“ހަމްރާ، އޭނާއަށް ސައިހަދައި…” ރާބިއާ ބޭނުންވީ އީތަން ރަނގަޅަށް ސައިބުއިމުން ނޫނީ އެއްވެސް ވާހަކައެއް ނުދައްކާށެވެ.

“ސުފިޔާނު. އަހަރުމެން ވެސް ސައިބޮއެގެން ސިޓިންރޫމަށް ދާނަން” ސުފިޔާނު އެތަނުން ދާންވީކަން ރާބިއާ ބުނެލި ގޮތުން އެނގުނެވެ. އެހެންވެ ތެދުވެގެން ބަދިގެފަރާތުން ނުކުންނަން ދިޔައެވެ.

ބަސްއަހާ ކުޑަކުއްޖަކު ފަދައިން މަޑުމަޑުން އިނދެގެން އީތަން ސައިބުޔެވެ. އެހެންނަމަވެސް އޭނާގެ އަރުތެރެއިން އެއްޗެއް ދިރުވުން ފަސޭހައެއްނުވިއެވެ. ރޮށިތަށީގައި އަތްލުމުގެ ބަދަލުގައި ތަށީގައި އޮތް ދެ ސޮސެޖު ކާލާފައި ސައިތަށި ބޯލިއެވެ.

“ރޮށި ވެސް ނުކައި ނިންމާލީތަ؟” އީތަން ފެންތަށި ބޯލުމާއެކު ހަމްރާއަށް ބުނެވުނެވެ.

“ނިމުނީ… ދެން ނުކެވޭނެ” އީތަންގެ އަޑުގައި ޖެހިލުންވުމުގެ އަސަރު ހުއްޓެވެ. ރާބިއާ އަނގައިން ވެސް ނުބުނެ އިނީއެވެ. އީތަންއަށް ނުކެވޭނެކަން އޭނާއަށް އެނގޭތީވެ އިތުރަށް ބާރުއަޅަން ބޭނުންނުވެފައެވެ.

ރާބިއާ އާއި ހަމްރާއެކު އީތަން އައިސް ސިޓިންރޫމަށް ވަނެވެ. އެންމެން ސޯފާގައި އިށީނުމުން އެންމެ ދިގު ސޯފާގެ ފަހަތުގައި އީތަން ހުއްޓުނެވެ. ރާބިއާގެ ފުރަގަހަށް ވާގޮތަށެވެ. ސުފިޔާނު ގޮވާލާފައި އިށީނުމަށް ބުނުމުން ވެސް އީތަން ހުރީއެވެ. އެހިނދު ރާބިއާ ވާހަކަދައްކަން ފެއްޓިއެވެ. އީތަން ކިޔައިދިން ވާހަކަތައް ހަމްރާ އާއި ސުފިޔާނަށް އޮޅުން ފިލުވައިދިނެވެ. ހަމްރާ އިނީ ބުނާނޭ އެއްޗެއް ނޭނގި އާގަމަ އަރާފައެވެ. އެހެންނަމަވެސް ސުފިޔާނަށް މަޑަކުން ނީނދެވުނެވެ. ފުންމައިގެން އައިގޮތަށް އައިސް އީތަންގެ ފުއްކިބައިގައި ޖަހައިފިއެވެ. ހަމަ އެ ހޫނު ކަންމަތީ ދެތިން އެތިފަހަރު އީތަންގެ މޫނުމައްޗަށް އަރައިގެން ދިޔައެވެ. އެހެންނަމަވެސް އީތަންގެ ދުލުން ބަހެއް ވެސް ނުބުންޏެވެ.

“ސުފިޔާނު…” ރާބިއާ ހަޅޭލަވައިގަތެވެ. އެހެންނަމަވެސް އެއަޑެއް އޭނާ ނޭހިއެވެ. ސިޓިންރޫމު ދޮރާ ދިމާއަށް އީތަން ގަންނަވައިލުމާއެކު އޭނާ ގޮސް ދޮރުން ބޭރަށް ވާގޮތަށް ވެއްޓިއްޖެއެވެ.

“ގޮތްކުޑަވެގެން ގޮސް ހައްދުފަހަނަ އެޅީމާ ދަރިންނެއްކަމަކު ނުގެންގުޅެވޭނެ… މީހަކަށް މޫނު ދައްކާލަން ނުކެރޭވަރު މި ޢާއިލާއަށް އީތަންކޮށްފި” ރުޅި ގަދަވެފައި ހުރި ސުފިޔާނު ހަޅޭލަވައިގަތެވެ. އަނގަމަތީ ދެއަތް އަޅައިގެން ދެ ލޯ ބޮޑުވެފައި ހަމްރާއަށް ހުރެވުނީއެވެ. އީތަންގެ ފަރާތުން އިވުނު ގިސްގެ އަޑުން އޭނާ ރޮނީކަން އެންމެނަށް ވެސް އެނގުނެވެ. އެހެންނަމަވެސް ހަމަ އެންމެ ލަފުޒެއް ވެސް އޭނާގެ ދުލުން ބޭރެއް ނުކުރިއެވެ.

“އީތަން އުޅޭނޭ ގޮތަކަށް އުޅޭން މިގެއިން ނުކުމެގެން ދާން އުޅޭ…އެހެންނޫނީ މަގޭ އަތުންފައިން އިތުރު ގޯހެއް ހެދޭނީ. ތި ކަހަލަ ދަރިއަކު މަރާލިޔަސް ފާފައެއްނުވާނެ…” ސުފިޔާނު ހަމައިން ނައްޓާފައިކަން ހުރީ ރާބިއާއަށް އެނގުމާއެކު އައިސް ސުފިޔާނުގެ އަތުގައި ހިފިއެވެ.

“ދަރިންނަށް ހެދޭ ގޯސްތަކުގެ ވާހަކަ މައިންބަފައިންގެ ގާތުގައި އައިސް ދެއްކުމުން ކަންތައްކުރަންވާނީ ތިޔަހެންތަ؟ ރުޅިއައުން ހައްޤު… އެކަމަކު ދަރިފުޅު ގެއިން ނެރެލާ ނޫނީ އޭނާ މަރާލާ… މިއީކީ ނޫނެއްނު ދަރިންނަށް ވިސްނައިދޭން ކުރަންޖެހޭނެ ކަންކަމަކީ. ބަލަ އީތަންއަށް ކުރެވުނު ކުށް އޭނާއަށް އިހުސަސްވެއްޖެކަން އަދިވެސް ނުފެނޭތަ. އޭނާ ބަހެއްވެސް ނުބުނެ އިނދެ އެ ރޮނީކީ ކޮންމެހެން ކަންދައްކާކަށް ނޫނޭ…”

“މަންމަ އަދިވެސް އޭނާއާ އެއްކޮޅަށްތަ ތި ވާހަކަދައްކަނީ. ވިޔާނުދާކަމުން ގޮސް ހައްދުފަހަނައެޅިމާ ވެސް ތަ؟”

“އާން! އީތަން ހިންގި ޢަމަލުގެ ސަބަބުން ނިހާޔަތަށް އަހަރެން ދެރަވެ ލަދުގަނޭ. އެހެންނަމަވެސް އެ ދަރިފުޅަށް އިސްލާހުވެ ރަނގަޅު މަގަށް އެޅުމަށް ދެވަނަ ފުރުޞަތެއް ނުދޭންވީ ސަބަބެއް އަހަންނަކަށް ނުވިސްނޭ. ކުށުގެ އިހުސާސްވެ އެ ކުށް ތަކުރާރު ނުކުރުމަށް ނިންމާއިރު އޭނާއަށް ދެވަނަ ފުރުޞަތެއް ބޭނުންވޭ. އޭނާ ބޭނުންވަނީ އެ އަންހެންކުއްޖާއާ ކައިވެނިކުރަން…”

“މަންމަ ބުންޏަސް ތިބުނާ ކައިވެންޏެއްކޮށްގެން މިގެއަކު އީތަންއަކަށް ނޫޅެވޭނެ”

ސުފިޔާނާއި ރާބިއާގެ ދެމެދުގައި ވެސް ދެބަސްވުން އުފެދުނެވެ. އޭރު ދުރުގައި ހުރި ހަމްރާ ރޮމުން ރޮމުން އައިސް އީތަންގެ ގައިގާ އޮޅުލައިގަނެއްޖެއެވެ. އެހިނދު އީތަން ދެއަތްޖޯޑުކޮށްލުމާއެކު ކަރުނުން ފުރިގެންވީ ދެ ލޮލުން މަންމައަށް ބަލާލީ މާފުކުރުމަށް އެދިއެވެ. ޖޯޑުކޮށްލެވިފައިވާ ދެއަތްތިލާގައި ހަމްރާ ދެއަތުން ހިފާލުމާއެކު ބޯޖަހާލިއެވެ. އަދި އީތަންގެ ކޮނޑުގައި ހިފާ އޭނާ ކޮޅަށް ނެގިއެވެ.

“އީތަން… ދަރިފުޅު ކީއްވެތަ އެވަރުގެ ބޮޑުކަމެއް ކުރީ…” އީތަންގެ މޭގައި ބޯޖައްސާލަމުން އެ މޭގައި ފިރުމަމުން ހަމްރާ ސުވާލުކުރިއެވެ. އެ ސުވާލަށް ޖަވާބެއްދޭން އީތަން ފަސްޖެހެއެވެ. އެ ވަގުތީ ލައްޒަތަށް ގޮވާލީ ވެސް ޚުދު އީތަންއެވެ. ރަޙުމަތްތެރިޔާގެ އަވައިގައިޖެހި ޒޫރިންގެ ހުރި ކެރުމަކާއި ކުޅަދާނަކަމެއް ބެލުމަށް އިސްނެގީ ޚުދު އީތަންއެވެ. ވީއިރު ހުރިހާ ގޮތަކުން ވެސް ކުށްވެރިއަކީ އޭނާއެވެ. ސުފިޔާނު ބުނި ފަދައިން ގޮތްފޮތެއްނެތް ވިޔާނުދާ ޒުވާނަކަށް ނޫނީ އެ ފަދަ ޢަމަލު ހިންގާކަށް ނުކެރޭނެ ޚުދު އީތަންއަށް ވެސް ޤަބޫލުކުރެވުނެވެ.

ހަމްރާއާއެކު އީތަން އައިސް އޭނާގެ ކޮޓަރިއަށް ވަނީ ހަމްރާގެ އެދުމުގެ މަތިންނެވެ. ސުފިޔާނަށް ރުޅި ކޮންޓްރޯލު ނުކުރެވި ރާބިއާގެ ކުރިމަތީ އޭނާ ޒުވާބުކުރެވެން ފެށުމުން އެންމެ ފަހުން އޭނާ ގެއިން ނުކުމެގެން ދިޔައީއެވެ. އެތައް އިރަކު ރާބިއާ ސޯފާގައި ވިސްނަން އިނެވެ. އެހެން އިންދާ ހަމްރާ އައިސް ރާބިއާގެ ގާތުގައި އިށީނެވެ.

“މަންމާ! ދެން ކިހިނެއްވާނީ… އެ އަންހެންކުއްޖާ އީތަންއާ ގުޅެން ބޭނުންވޭތަ؟” ޒޫރިން އާއި އީތަންގެ ދެމެދުގައި ހިނގާފައިވާ ދެބަސްވުން ރާބިއާއަށް ކިޔައިދެވުމުގެ ކުރިން ސުފިޔާނުގެ ރުޅިގަނޑު ފަޅައިގެން ދިޔައެވެ. އެހެންވެ ޒޫރިންގެ ވާހަކަތައް އޮތީ ކިޔައިނުދެވިއެވެ. ހަމްރާގެ ސުވާލާއެކު ޒޫރިން ކަންތައްކުރިގޮތް ރާބިއާ ކިޔައިދިނެވެ.

“އަންހެންކުއްޖާ ބަދުނާމުވެދާއިރު ހުރިހާ ކަމެއް ބަދަލުވާނެ. އީތަންއަށް ކުރިން ވިސްނުނުނަމަ” ހަމްރާއަށް އޭރު ވެސް ރޮވެނީއެވެ. ލޯބިން ގެންގުޅުނު ދަރިފުޅުގެ ފަރާތުން އުންމީދުވެސް ނުކުރާވަރުގެ ބޮޑުކަމެއް ކުރިމަތިވުމުން އޭނާއަށް ވެސް ވިސްނުން ހިންގަންވީ ދިމާއެއް ނޭނގޭ ކަހަލައެވެ.

“އީތަންއަށް ދެވަނަ ފުރުޞަތެއް ދޭންޖެހޭނެ. އޭނާ އެ އަންހެންކުއްޖާދެކެ ލޯބިވާތީ އަހަރުމެންގެ ގާތުގައި އެ ވާހަކަ އެ ދެއްކީ. އެހެންނޫންނަމަ އަހަރުމެންނަށް ކަޅެއްދޮނެއް ވެސް ނޭނގޭނެ. ކުރެވުނު ކުށް އީތަން އެވަނީ ޤަބޫލުކޮށްފައި. އަހަރެން ބޭނުން އެ އަންހެންކުއްޖާއާ ބައްދަލުކުރަން. ބައްދަލުކޮށް އީތަންގެ ހާލު ކިޔައިދޭން… އީތަން ބުނަނީ އެ އަންހެންކުއްޖާ އޭނާގެ ވާހަކަތައް ޤަބޫލުނުކުރާކަމަށް” ރާބިއާ އާއި ހަމްރާގެ މެދުގައި އެތައް މަޝްވަރާއެއް ހިނގިއެވެ. ރާބިއާގެ ޚިޔާލު ހުރި ގޮތް ހަމްރާއަށް ކަމުދިޔައެވެ. އެހެންނަމަވެސް ގޭތެރޭގެ މަސްލަހަތު ގެއްލިއްޖެކަމުގެ އިހުސާސް ކުރެވުނެވެ. އޭގެ އިތުރުން އައިނީ އާއި އައިދަންއަށް އެނގުމުން ދެންވާނޭ ގޮތަކާއި މެދު ވެސް ހަމްރާއަށް ވިސްނާލެވުނެވެ.

މެންދުރުފަހުގެ ވަގުތެވެ. ގޭތެރެއަށް ހަމަހިމޭންކަން ވެރިވެފައި ވެއެވެ. ރާބިއާ އޭނާގެ ކޮޓަރީގައި އުޅެފައި ސިޓިންރޫމަށް ނުކުންއިރު ހަމްރާ އިނެވެ. އޭނާގެ ގާތުގައި ގޭގައި ގެންގުޅޭ ކުއްޖާ ވާހަކަދައްކަން ހުއްޓެވެ. މެންދުރުގެ ކެއުމަށްތައްޔާރު ކުރަންވީ އެއްޗެއް ނޯކަރު ކުއްޖާގެ ގާތުގައި ހަމްރާ ބުނުމާއެކު އޭނާ އެތެރެއަށް ވަދެގެން ހިނގައްޖެއެވެ.

“އީތަންގެ ޚަބަރެއް ބަލާލިންތަ؟” ހަމްރާގެ ގާތުން ރާބިއާ އަހާލިއެވެ.

“އެބައޮތް އެނދުގައި… ހެނދުނު ރަނގަޅަށް ސައިނުބޯތީ ޖޫސްތައްޓެއް ގެންގޮސްދިނީމާ ވެސް ނުބުއި. އެކަމަކު މިއައީ އެ ކޮޓަރީގައި ބަހައްޓާފައި” ހަމްރާ ބުނެލިއެވެ.

“ސުފިޔާނު ރުޅިމަޑުކުރީމާތާ އެއްޗެއް ބުނެވޭނީ ވެސް. އަހަރުމެން ނޫނީ ދެން ކޮންބައެއްތިބީ އީތަންއަށް އެހީވާން” ރާބިއާ ބުނެލިއެވެ. ހަމަ އެހިނދު ދޮރޯށި ހުޅުވުނު އަޑާއިއެކު އަންހެންކުއްޖަކު ސަލާމްގޮވާލި އަޑު އިވިގެން ދިޔައެވެ. ސޯފާގައި އިނދެފައި ހަމްރާ ސަލާމްބަލައިގަތެވެ. އަދި ނުކުންނަން ދާންވާއިރަށް ސިޓިންރޫމު ދޮރުމަތީ އައިސް ހުއްޓުނު އަންހެންކުއްޖާ ފެނިފައި ހަމްރާ އާއި ރާބިއާއަށް އެކަކު އަނެކަކަށް ބަލާލެވުނެވެ. ހައިރާންކަމާއިއެކު ހާސްކަން ވެސް ދެ މީހުންގެ މޫނުމައްޗަށް ވެރިވެގެން ދިޔައީ އެކުއެކީއެވެ.

“ޖަޒްލާ… ކަމަކުތަ؟” ވަންނާށޭ ބުނުމުގެ ކުރިން ވެސް ހަމްރާއަށް ސުވާލުކޮށްލެވުނެވެ. ސިޓިންރޫމު ދޮރުމަތީ ކުޑަކޮށް ހިނިތުންވެލައިގެން ހުރި ޖަޒްލާ ބޯޖަހާލީ އާނއެކޭ ބުނުމަށެވެ.

“އީތަން… އެބައުޅޭތޯ” ޖަޒްލާ އަހާލިއެވެ. ދެން ވެސް ހަމްރާއަށް ފަސްއެނބުރި ބަލާލެވުނީ ރާބިއާއަށެވެ. އެހިނދު ރާބިއާ އަވަސް އަވަހަށް ތެދުވެއްޖެއެވެ.

“ހަމްރާ، އެމަންޖެ އެތެރެއަށް ވައްދާ ބައިންދަބަލަ” ރާބިއާ އެންގި ގޮތަށް ހަމްރާ ކަންތައްކުރިއެވެ. ޖަޒްލާއަށް ހިނިތުންވެލަން މަސައްކަތް ކުރަމުން އެތެރެއަށް އައުމަށް ބޮލުން އިޝާރާތްކޮށްލިއެވެ. އެއާއެކު ޖަޒްލާ އެތެރެއަށް ވަދެ ހަމްރާ އަތުން އިޝާރާތްކޮށްލި ސޯފާގައި އިށީނދެއްޖެއެވެ. ރާބިއާ މަސައްކަތްކުރީ ގޭތެރޭގެ ޙާލަތު ޖަޒްލާއަށް ސިއްރުކުރުމަށެވެ.

“އީތަން ނޫޅެނީތޯ؟” ސުވާލު ތަފާތު ވިޔަސް ޖަޒްލާ އެނގެން ބޭނުންވީ އެއްކަމެކެވެ.

“އެބައުޅޭ… ހަމްރާ ދޭބަލަ ޖަޒްލާ އެބައިންކަން އީތަންއަށް އަންގާލަން” ހައިރާންކަން ލިބިފައިވެފައި ހުރެ ވެސް ހަމްރާ ހިނގައިގަތީ އެތެރެއަށެވެ. އެއާއެކު ރާބިއާ ހިނިތުންވެލަމުން ޖަޒްލާއާ ވާހަކަދައްކަން ފެށިއެވެ.

“އީތަން ގޭގައި އުޅޭކަން އެނގިގެން ހެން ހާދަ ހީވެޔޭ ޖަޒްލާ ތިއައީ… އެހެންނޫނީ މީ އީތަން އޮފީހުގައި އުޅޭ ގަޑިއެއްނު”

“އަޅުގަނޑު އޮފީހަށް ގުޅާލުމުން އެނގުނީ އީތަން އޮފީހަށް ނުނިކުންނަކަން. އެހެންވެ ގެއަށް މިއައީ… އީތަން ބަލީތޯ” ޖަޒްލާއިނީ ރާބިއާގެ ކުރިމަތީ ވާހަކަދައްކަން ޖެހިލުންވެފައެވެ.

“އާން! އޭނާ އުޅެނީ ބޮލެއްގައި ރިއްސާތީ… ފަހަރެއްގައި ނުނިކުމެވެސް ދާނެ” ރާބިއާއަށް ހީވީ އީތަން މިހާރު ހުރި ހާލުގައި ޖަޒްލާއާ ބައްދަލުކުރަން ބޭނުންނުވާނޭ ކަމަށެވެ. ޚުދު އޭނާ ވެސް ބޭނުންވަނީ މިވަގުތު އީތަންއާ ބައްދަލުނުކޮށް ޖަޒްލާ އެނބުރި ދާށެވެ. އެހެންނަމަވެސް އެ ނިންމުން ނިންމާނެ ބާރެއް ރާބިއާގެ އަތަކުނެތެވެ. އޭނާ ޖަޒްލާއާ ވާހަކަދައްކަން އިންދާ ހަމްރާ އެނބުރި އައީ ސިހޭވަރުގެ ޚަބަރެއް ހިފައިގެންނެވެ.

“އީތަން… އީތަން އެދުނީ ޖަޒްލާ އޭނާގެ ގާތަށް އައިސް ދިނުމަށް” ހަމްރާގެ އުޅުމާމެދު ޖަޒްލާ ވެސް ހައިރާންވިއެވެ. މީގެ ކުރިން އޭނާ އެގެއަށް އައެއްކަމަކު ހަމްރާ އެހާ ދުރުދުރުންނެއް ނޫޅެއެވެ. ހަމްރާގެ އެ ޢަމަލުން ޖަޒްލާއަށް ވިސްނުނީ އީތަންގެ މައިންބަފައިންނަށް ވެސް އެ ދެމެދުގައި މިހާރު ގުޅުމެއްނެތްކަން އީތަން ހާމަކުރީ ކަމެވެ. ބޭއިޚްތިޔާރުގައި އޭނާގެ ތިރީތުންފަތުގައި މަޑުމަޑުން ދަތްއަޅާލެވުނެވެ. އިސްޖަހާލައިގެން ހުރެ އީތަންގެ ކޮޓަރިއާ ދިމާއަށް ޖަޒްލާ ހިނގައިގަތީ ފަރިތަކަމާއެކު ދާންވީ މިސްރާބު އެނގިހުރެއެވެ. އީތަންގެ ކޮޓަރިއަށް އޭނާ ވަންނަން ދިޔައީ އަލަކަށް ނޫނެވެ. އެހެންވެ އެ ކޮޓަރި ހުންނަ ދިމާ ވަރަށް ރަނގަޅަށް ޖަޒްލާއަށް އެނގެއެވެ.

“ވަދޭ…” ދޮރުގައި ޓަކިޖަހާލި އަޑު އިވުމުން އީތަން ބުނެލިއެވެ. އަދި އެނދުގައި އިށީނދެގެން އިނދެފައި ތެދުވިއެވެ. އޭރު ޖަޒްލާ އެ ކޮޓަރިއަށް ވަންނަނީއެވެ.

ކޮޓަރީއަށް ވެރިވެފައި އޮތް އޮރެންޖު ކުލައިގެ ފަނޑު އަލީގެ ތެރެއަށް ޖަޒްލާގެ ލޯ ހޭނެން ވަގުތުކޮޅެއް ނެގިއެވެ. ކުރިމަތީ ހުރީ އީތަންކަން އެނގޭތީ ވެސް ޖަޒްލާގެ ހިތަށް ގޮތްތަކެއް ވެގެން ދިޔައެވެ. ކޮނޑުގައި އަޅުވާފައި އޮތް އަތްދަބަހުގެ ވާގަނޑައި ކުޅެލާފައި ދެއަތް ދެއަތާއި މޮޑެން ފެށުނެވެ. އޭނާ އެތަނަށް އައީ ވަރަށް ހިތްވަރުކޮށްފައެވެ. ނަމަވެސް ދުވަސްތަކަކަށް ފަހު އީތަންއާ ބައްދަލުވުމުން ޖަޒްލާގެ ހިތުގައިވާ ލޯބި އުތުރިގަންނަން އުޅޭ ކަހަލައެވެ. އީތަންގެ ނޭވާ އިހުސާސްވާހާ ގާތުގައި ހުރުމަށް ހިތް ގޮވާލި ކަހަލައެވެ.

“އަހަންނަށް މާފުކުރޭ ޖަޒްލާ…” އީތަންގެ އަޑުގައި ހުރި މޮޅިވެރިކަން ޖަޒްލާއަށް ނަގައިގަނެވުމުގެ ކުރިން އޭނާ ސިހުނީ އީތަންގެ ދުލުން ޖަޒަލްއޭ ބުނެލީމައެވެ. އިސްއުފުލާލާ އީތަންއަށް ބަލާލިއެވެ. ހަމަ އެހިނދު އީތަންއާ ގާތަށް ޖަޒްލާއަށް ޖެހިލެވުނެވެ.

“އީތަން. ކިހިނެއްވެފައި ތިހިރީ؟ މާބޮޑަށް ބަލިވީތަ؟ އެހެންވެއްޖެއްޔާ ފަހުން ވެސް މިވާހަކަދެއްކިދާނެ… އީތަން އަރާމުކޮށްލަންވީނު”

“ނޫން… އަހަރެން ބައްޔެއްނޫން. އަހަރެން ބުނަން އުޅޭ އެއްޗެއް ޖަޒްލާ އަޑުއަހާބަލަ. އަހަރެން… އަހަރެން ވަރަށް މަސައްކަތްކުރިން ޖަޒްލާދެކެ ލޯބިވޭތޯ އެކަމަކު ރީންގެ މައްޗަށް ހިތުގައި އުފެދިފައިވާ ޖަޒުބާތުތައް މާ ވަރުގަދަ. ޖަޒްލާއަށް އޮޅުވާލާކަށް އަހަރެން ބޭނުމެއްނޫން. އަހަރެން ރީންދެކެ ލޯބިވޭ… ވަރަށް ލޯބިވޭ… އެހަންނަށް ޖަޒްލާ ދެކެ ލޯބި ނުވެވުނީ ޖަޒްލާގެ އުނިކަމެއް ހުރެގެނެއްނޫން. ޕްލީޒް ޖަޒްލާ… އަހަންނާ ހެދި ޖަޒްލާގެ ލައިފް ނަގާނުލާ.. މިހާރު އަހަރުމެން ދެމީހުންގެ ދެމެދުގައި އެއްވެސް ގުޅުމެއްނެތް. އަހަރެން ބޭނުންވަނީ ރީންއަށް އަނތްބެއްގެ މަޤާމުދޭން. އޭނާ ވިހޭ ދަރިއަކީ އަހަރެންގެ ދަރިއެއް. އަހަރެން އެ ދެމީހުން ވެސް ބޭނުން… ސޯ ޕްލީޒް ޖަޒްލާ… ތިގޮތަށް އަހަރެން ހޯދަން މިގެއައުން ރަނގަޅެއްނުވާނެ”

“އަހަރެން އީތަންދެކެ ވަރަށް ލޯބިވޭ. މިގޮތަށް މިގެއަށް އަންނަންޖެހުނީ ވެސް އެހެންވެ… އީތަންއާ ވަކިވާން އަހަރެން ބޭނުންނުވާތީ. އަހަރެން ރީން އާއި އީތަންގެ ދެމެދުގައި ހިނގައިފައިވާ ކަންތައްތަކަށް މާފު ވެސް ކުރަން ނިންމީ އެހެންވެ. އީތަންއާ ދުރުގައި އުޅުން އަހަންނަށް ފަސޭހަކަމަށް ނުވީމަ…. އެކަމަކު މިހާރު އެނގިއްޖެ އީތަން ތިހާ ބަދަލުވީ ކީއްވެކަން. އަހަރެން ކިތަންމެ ލޯބިވިޔަސް އީތަން އަހަރެން ދެކެ ލޯބިނުވާނޭކަން ވެސް އެނގިއްޖެ…” ޖަޒްލާގެ ދެ ލޯ ކަރުނުން ތެމެމުންދިޔައެވެ. އެތަން ބަލަން ހުރި އީތަން ފުންނޭވާއެއްލުމާއެކު ޖަޒްލާގެ އަތުގައި ހިފާލިއެވެ.

“ޖަޒްލާ… އަހަރެން ޖަޒްލާދެކެ ލޯބި ނުވިޔަސް ޖަޒްލާ ދެކެ ފޫއްސެއްނުވޭ. ޖަޒްލާއަށް ރަނގަޅުގޮތް މެދުވެރިވުން އެއީ އަހަރެން އެދޭ ގޮތް. ޖަޒްލާއަށް މި ލޯތްބަށްވުރެ ފުރިހަމަ ލޯތްބެއް ލިބޭނެ… އޭނާ ޖަޒްލާދެކެ ވަރަށް ލޯބިވޭ. އަހަންނަށް ޔަޤީންވާ ކަމަކީ، ޖަޒްލާ އުފަލުގައި އޭނާ ބަހައްޓާނޭކަން”

“ކާކު… ކާކުގެ ވާހަކަތައް އީތަން ތި ދައްކަނީ… އަހަރެން ބޭނުންވަނީ ހަމައެކަނި އީތަންގެ ލޯބި. އަހަރެން ލޯބިވަނީ ވެސް އީތަންދެކެ” ރޮވިފައި ހުރި ޖަޒްލާ ބުންޏެވެ.

“ޖަޒްލާ ވިސްނާލަބަލަ… އަހަރުމެން ދެމީހުންގެ ދެމެދުގައި ލޯތްބަށްވުރެ އޮތީ އެކުވެރިކަމެއް. އަހަރުމެން ދެމީހުންގެ ދެމެދުގައި ދެބަސްވާލެއް ކިހާ ގިނަ. ބައެއްފަހަރު އަހަންނަށް ޖަޒްލާ އެއްގޮތަކަށް ވެސް ނޭނގޭ. އެ ސިފަތައްދެކެ ފޫހި ވެސް ވެވޭ… އެކަމަކު އެ ހުރިހާ ވަގުތަކު ޖަޒްލާއަށް އެހީވަނީ ކާކު؟ ޖަޒްލާ އެދޭ ކޮންމެކަމެއް ކޮށްދޭން ތައްޔާރަށް ހުންނަނީ ކާކު؟ މިހާ ދުވަސްވީއިރު ވެސް ޖަޒްލާއާ ވަކިނުވެ އޭނާ އެ ހުންނަނީ ކީއްވެ؟”

“ކައިލަންތަ؟ އެއީ… އެއީ… އަހަރެންގެ…”

“ނޫން. އެއީ ޖަޒްލާގެ ބެސްޓްފްރެންޑެއްނޫން. ޖަޒްލާދެކެ މި ދުނިޔެ މަތީ އެންމެ ލޯބިވާ މީހާ އެއީ. އަހަރެން ކުރިން ރުޅި އަންނަނީ އެހެންވެ. އެކަން އަހަންނަށް އެނގޭތީވެ. އެކަމަކު މިއަދު އަހަރެންގެ ހިތުގައި ކައިލަންއަށް އެއްވެސް ޝަކުވާއެއްނެތް. އޭނާ ކޮންމެ ހާލެއްގައި ވެސް ޖަޒްލާއަށް އެހީވާނެ. ޖަޒްލާއާއެކު ވާނެ… އޭނާއަށް މުހިންމީ ޖަޒްލާގެ އުފާވެރިކަން. އެއީ އެނާ ޖަޒްލާދެކެ ލޯބިވާތީ. ޖަޒްލާގެ ހިތުގައި ވެސް އޭނާގެ މައްޗަށް ޖަޒުބާތުތަކެއް ނުވާނަމަ ކިރިޔާކަމެއް ވާއިރަށް ދުވެފައި ކައިލަންގެ ގާތަކަށް ނުދެވުނީސް…. އެ ލޯބި ހޭލައިގަންނަން ފުރުޞަތު ބޭނުންވޭ. އެ ފުރުޞަތު މިހާތަނަށް ނުލިބި އޮތީ އަހަރެންގެ ސަބަބުން. ޖަޒްލާ… ޤަބޫލުކުރޭ…. ތި ދެ މީހުންނަކީ ފެށުނީއްސުރެން ވެސް އެކަކު އަނެކަކާ ނުހަނު ގުޅޭ ދެ ބައިވެރިން. ކައިލަންގެ ދިގު އިންތިޒާރަށް ނިމުން ގެނެސްދީ… ޖަޒްލާގެ ހިތް ތިގޮތަށް ބަންދުކޮށްގެން ހުރުމުގެ ބަދަލުގައި ހުޅުވާލާ. އެ ހިތުގެ ހަޤީޤީ އަޑު އަހާބަލަ… ކޮންމެ ހިތާމައަކާއި ކޮންމެ އުފާވެރިކަމެއްގައި ތިމާއާ ބައިވެރިވާނީ ތިމާދެކެ ލޯބިވާ އިންސާނަކު. އެ މީހަކީ ކައިލަން… އަހަންނާ ވަކިވެގެން ޖަޒްލާ ދާއިރު އަހަރެން ބޭނުންވަނީ އެކަން ޖަޒްލާއަށް އެނގިފައި އޮތުން. މިހާ ދުވަސްވީއިރު ކައިލަން ކުއްޖަކާ ރައްޓެހިނުވެ އެހުންނަނީ ކީއްވެ؟ އޭނާ މީހަކު ދެކެ ލޯބިވާނަމަ އެ މީހަކީ ކާކުކަން ޖަޒްލާ ގާތު ނުބުނަނީ ކީއްވެ؟ އެންމެ ގާތް އެކުވެރިޔާނަމަ މި ކަހަލަ ވާހަކަތަކަކީ ޚިއްސާކުރާނޭ ވާހަކަތައް” އީތަންގެ ވާހަކަތައް އިވިފައި ޖަޒްލާއަށް ވަރަށް އަސަރުކުރިއެވެ. އޭނާއަށް ހަމަރަނގަޅަށް ވެސް ރޮވުނީއެވެ. ހަދާނޭ ގޮތެއް ނޭނގިފައި ހުރެފައި އީތަން މަޑުމަޑުން ޖަޒްލާ ގެނެސް އޭނާގެ މޭގައި ޖައްސާލިއެވެ. އަދި ބޮލުގައި ފިރުމާލިއެވެ.

“އައި ވިލް ނެވޭ ފޮގެޓް ޔޫ…” އިރުކޮޅަކު ރުއިމަށްފަހު އީތަންއާ ދުރަށް ޖެހިލާފައި ޖަޒްލާ ބުނެލިއެވެ. އަދި އަތްދަބަހުން ނެގި ޓިޝޫކޮޅަކުން ރީތިކޮށް ލޯ ކައިރި ފުހެލިއެވެ.

“އަހަރެން ވެސް ޖޭޒް މަތިން ހަނދާނެއްނުނެތޭނެ” ޖަޒްލާއަށް ހިނިތުންވުމެއް ބަދަލުކުރަމުން އީތަން ބުނެލިއެވެ.

“ޔޫ ހާޓް ހަރ މޯ ދެން މީ… އަހަރެން ޤަބޫލުކުރަން ބޭނުންނުވިޔަސް އެނގޭ ރީން ވަރަށް ލޯބިވާކަން އީތަންދެކެ، އެންޑް ޝީ އިޒް ސްޕެޝަލް. އެހެންނޫންނަމަ އީތަންއަށް އެހިސާބަށް ރިލޭޝަންއެއް ނުގެންދާނެ. ރުޅި އާދެވެނީ އެހެންވެ. އެކަމަކު ދެން އޯކޭ… އަހަރެން ކައިރީ މީހަކު ބުނި ލޯބިވުމަކީ އޭނާގެ މިލްކަކަށް އެ ލޯބި ވުމެއްނޫނޭ. ލޯބިވުމަކީ އެ ލޯބި އުފަލުގައި ހުރުމަށް ދޫކޮށްލުމޭ. ހުރިހާ ފަހަރަކު ތިމާ ލޯބިވާ މީހާ ތިމާއަކަށް ނުލިބޭނެ…”

“އަހަރެންގެ ސަބަބުން ރީންއަށް އެތައް ތަކުލީފެއް އުފުލަން ޖެހިފައި އެވަނީ. އަހަންނަށް ހެދުނު ގޯސް ރަނގަޅުކުރަން މިހާރު ބޭނުންވަނީ. ޖޭޒް ވެސް އަހަންނަށް މާފުކުރޭ. އަހަންނަށް ރީން ލިބުނަސް އަދި ނުލިބުނަސް އަންހެންކުއްޖެއްގެ ދިރިއުޅުމަކާ ނުކުޅޭނަން… އަހަންނަށް ރީން ނޫން މީހަކުދެކެ ލޯތްބެއް ވެސް ނުވެވޭނެ..”

“އީތަން….” ޖަޒްލާއަށް ފެނިގެންދިޔައީ އިންތިހާ ދަރަޖައިގެ ހިތްދަތިކަމެވެ. އޭނާގެ ހިތަށް ކިތަންމެ ތަދުވިޔަސް އީތަން ދެއްކި ވާހަކަތައް އޭނާ ޤަބޫލުކުރިއެވެ. އެހެންނަމަވެސް އީތަންއަށް ވެގެން އުޅޭ ގޮތެއް އޮޅުން ފިލުވަން އޭނާ ބޭނުންވިއެވެ. އީތަން ހީވަނީ އެތައް ދުވަހެއްވަންދެން ހިތާމަކުރަމުން އަންނަ މީހަކުހެންނެވެ. ރުއިމުގެ އަސަރުތައް އެ ދެ ލޮލުން ފާޅުވޭވޭ ހުއްޓެވެ.

ޖަޒްލާ އައިސް އީތަންގެ ކޮނޑުގައި އަތްޖައްސާލިއެވެ. އަދި އީތަންއަށް މާފުކުރުމާއެކު ޒޫރިންއަށް ވެސް އޭނާގެ ހިތްހެޔޮ ކަމުގައި ބުނެލިއެވެ. އީތަންގެ މޫނު ފެނި އޭނާގެ ވާހަކަތައް އަޑުއިވިފައި މިއަދު ޖަޒްލާގެ ރުޅި ދިޔައީ ކޮންތާކަށްކަމެއް ވެސް ޚުދު އޭނާއަކަށް ނޭނގެއެވެ. ހިތުގައި ހަމްދަރުދީގެ އޮއެވަރެއް އުފެދިފައިވެއެވެ. އީތަންގެ ގާތުން ޒޫރިންގެ ވާހަކަތައް ޖަޒްލާ އޮޅުން ފިލުވަންފެށިއެވެ. އެގޮތުން ކަންތައްވެފައި އޮތް ގޮތް ޖަޒްލާއަށް އޮޅުން ފިލިއެވެ. އޭނާއަށް ކޮށްދެވެން އޮތީ ކޮންކަމެއްތޯ ޖަޒްލާ ސުވާލުކުރިއެވެ. މިހާރު އޭނާ ވެސް ބޭނުންވަނީ އީތަން އުފަލުގައި ހުރުމަށް ކަހަލައެވެ. އީތަންގެ އުފަލަކީ ޒޫރިންނެވެ. އީތަންއަށް ޒޫރިން ހޯދައިދޭން ޖަޒްލާއަށް ކޮށްދެވޭނެކަމެއް ނެތްކަމުގައި އީތަން ބުނެލިއެވެ.

“އަހަރެންގެ އަމިއްލަ ހިތަށާއި އެ ހިތުގައިވާ ލޯތްބަށް އޮތް އިތުބާރު ދުވަހަކު ވެސް ނުގެއްލޭނެ. ރީން ހޯދަން މަސައްކަތް ކުރާނީ އަހަރެން. އޭނާއަށް އެ ހިތްދަތިކަން ދިން މީހަކީ ވެސް އަހަރެން. އިރާދަކުރެއްވިއްޔާ އަލުން އެހިތް އަދި އަހަރެން ހޯދާނަން” ސާބިތުކަމާއެކު އީތަން ބުނެލިއެވެ. އަޑުއަހަން ކިތަންމެ އުނދަގުލަސް ޖަޒްލާ އެ އަޑު އެހިއެވެ. އޭނާ އީތަންއާ ވަކިވެގެން ދިޔައީ އެކުވެރިކަމަށް ދޮރުހުޅުވާލާފައެވެ.

ރާބިއާ އާއި ހަމްރާއާ ހިނިތުންވުމެއް ބަދަލުކޮށްލުމާއެކު ގޭގެ ދޮރޯށިން ނުކުންނަން ޖަޒްލާ ދިޔައެވެ. އެހިނދު ހަމްރާ ބަލާލީ ރާބިއާއަށެވެ. އަދި އިންތަނުން ތެދުވެގެން އެތެރެއަށް ހިނގައިގަތެވެ.

“އީތަން…” ކޮޓަރީގެ ދޮރު ކުޑަކޮށް ހުޅުވިފައި ހުރުމުން ހަމްރާ އެތެރެއަށް ވަންނަމުން ގޮވާލިއެވެ. އޭނާއަށް ފެނުނީ އެނދުގައި އީތަން އިށީނދެގެން އިންތަނެވެ. ފިކުރަކަށް ގެއްލިފައި އިންހެނެވެ. ނަމަވެސް ހަމްރާ ގޮވާލުމުން އޭނާއަށް އީތަން ބަލާލިއެވެ.

“ޖަޒްލާ އާއި އީތަންގެ ދެމެދުގައި އޮތް ގުޅުން އަދިވެސް ކުރިއަށް ދަނީތަ؟”

“ނޫން މަންމާ. އަޅުގަނޑުމެން ދެމީހުންގެ ދެމެދުގައި އެކަހަލަ އެއްވެސް ގުޅުމެއްނެތް. ޖަޒްލާއަށް ވެސް އެނގޭނެ ރީން. އަޅުގަނޑު ގުޅެން ބޭނުންވަނީ ރީންއާކަން ވެސް… މަންމާ. އަޅުގަނޑަށް މާފުކުރޭ…”  އީތަން އެނދުން ތެދުވެ ހަމްރާއާ ވާހަކަދެއްކިއެވެ. އެއާއެކު ހަމްރާ އައިސް އީތަންގެ އަތުގައި ހިފާ އެނދުގައި ބޭންދިއެވެ. އަދި އޭނާގެ ގާތުގައި އިށީނދެ ވާހަކަދައްކަން ފެށިއެވެ.

“ދަރިފުޅު ދުވަހަކު ވެސް ދެން ތިޔަފަދަ ހުތުރު ޢަމަލެއް ނުކުރާނަންކަމަށް ހުވާކުރޭ” ހަމްރާ މިހެން ބުނުމާއެކު އީތަން އަތާއަތް ޖެހުމާއެކު މާތް ﷲ ގަންދީ ހުވާކުރިއެވެ.

“ދަރިފުޅުގެ ބައްޕަ ކަންތައްކުރާނޭ ގޮތެއް އެއްގޮތަކަށް ވެސް މަންމައަކަށް ނޭނގެ. އެ ދިޔައީ ވަރަށް ނުރުހުންވެފައިހުރެ. ގުޅީމަ ފޯނެއް ވެސް ނުނަގާ…”

“މަންމާ… ބައްޕަ އެދިލައްވަނީ އަޅުގަނޑު މިގެއިން ނުކުންނަން ކަމަށްވަންޏާ އެކަން ވެސް އަޅުގަނޑުކޮށްފާނަން. އެކަމަކު އަޅުގަނޑު ރީންއާ ކައިވެނިކުރަން ބޭނުން. އޭނާ ނޫން އެހެން މީހަކާ ނީންނާނަން”

“ދަރިފުޅާ. މަންމަ އެ ޢާއިލާގެ ގާތަށް ދާނީ ކޮން މޫނަކައިގެން. އެ އަންހެންކުއްޖާގެ ގާތުގައި ބުނާނީ ކީކޭ. ދަރިއަކުނެތްނަމަ ވެސް މަންމަމެންނަށް ކައިވެނީގެ ވާހަކަދައްކަން ދާން ކެރުނީސް”

“އައި އެމް ސޮރީ މަންމާ…”

ހަމްރާ އާއި އީތަންގެ ދެމެދުގައި ދެކެވެމުންދިޔަ ވާހަކަތައް އީތަންގެ ކޮޓަރި ކައިރީ މަޑުކޮށްލައިގެން ހުރި ރާބިއާއަށް އިވެމުންދިޔައެވެ. އޭނާގެ ސިކުނޑި އެ ވާހަކަތަކަށް މަސައްކަތްކުރަމުން ދިޔައެވެ. ޒޫރިންއާ ބައްދަލުކުރުމަށް ރާބިއާގެ ޝައުގުވެރިކަން އުފެދުނެވެ. މާމަ ދަރިފުޅަށް ކުށެއްކުރެވުނީތީ އެ ދަރިފުޅު ބާކީވެގެން ނުވާނޭކަމުގައި ރާބިއާއަށް ވިސްނުނެވެ. ދެވަނަ ފުރުޞަތެއް ކޮންމެ މީހަކަށް ލިބެންވާނޭކަމެވެ. އީތަން ހިތާމަކުރާ ތަން ދުށުމަކީ ރާބިއާއަށް ބަލަން ކެތްވާނޭ މަންޒަރެއްނޫނެވެ. ޒޫރިންގެ ހާލު އެނގެން ބޭނުންވަނީ އެހެންވެއެވެ. އަންހެންކުއްޖަކު އޭނާގެ ހުރިހާ އެއްޗެއް ފިރިހެންކުއްޖަކަށް ޤުރުބާންކުރާއިރު އެއީ ހަނދާނުން ފޮހެލަން ފަސޭހަވާނޭ ކަމެއްނޫނެވެ. މަޑުމަޑުން ބޯޖަހާލާފައި ރާބިއާ ކޮޓަރިތެރެއަށް ވަނެވެ. އީތަން ހަމައަކަށް އެޅުވުމަށް އޭނާ ވެސް ވާހަކަދެއްކިއެވެ.

ހެނދުނު ނުކުމެގެން ދިޔަ ސުފިޔާނު ގެއަށް އައިސް ވަނީ އިޝާ ނަމާދުގެ ފަހުންނެވެ. ގެއަށް ވަން ގޮތަށް އޭނާ އައީ ކޮޓަރިއަށެވެ. އެކަކާ ވެސް ވާހަކައެއް ނުދައްކައެވެ. ރޭގަނޑު ކެއުމުގައި ބައިވެރިވިއިރު އެތަނުން އީތަންއެއް ނުފެނުނެވެ. އެހެންނަމަވެސް އައިނީ އާއި އައިދަންއަށް އެންގީ އީތަން ބުނާ އެއްވެސް ކަމެއް ކޮށްދީގެން ނުވާނެކަމަށެވެ. އަދި އީތަން އެގޭގައި ހުއްޓަސް އެއީ އެ ޢާއިލާ މީހެއްނޫންކަމެވެ. ސުފިޔާނު ހުރީ އިންތިހާއަށް ރުޅިއައިސްފައިކަން އައިނީ އާއި އައިދަންއަށް އެނގޭތީ ކާމޭޒުމަތީ އެއްވެސް ސުވާލެއް ކުރާކަށް އެކަކަށް ވެސް ނުކެރުނެވެ. އެ ނިންމުމާ ދެކޮޅަށް ވާހަކަދެއްކީ ރާބިއާއެވެ. އީތަންއަކީ އެހެންކުދިންނެކޭ އެއްފަދައިން އޭނާގެ މާމަދަރިއެއްކަމުގައި ބުންޏެވެ. އަދި އެގެއިން އީތަން ނެރޭނަމަ ރާބިއާ ވެސް ނެރެލުމަށް ބުނެލިއެވެ. މައްސަލައިގެ ހޫނުކަން އައިނީ އާއި އައިދަންއަށް ވިސްނުނީ ދެނެވެ. ޔަޤީނުން ވެސް ބޮޑުކަމެއްވެއްޖެކަން އެ ދެމީހުންއަށް ރެއަކާލީ ދެނެވެ.

އައިސްފައި ހުރި ރުޅީގައި ސުފިޔާނަށް ރަނގަޅަށް ނުވެސް ކެވުނެވެ. އޭނާ މޭޒު ދޮށުން ތެދުވެގެން އައިސް ކޮޓަރިއަށް ވަނެވެ. އެނދުގައި އިށީނދެ އިނުމަށްފަހު އޭނާ އޮށޯތެވެ. އައިސްފައި ހުރި ރުޅިއާ ކުރިމަތިލާން އޭނާ މަސައްކަތް ކުރަނީ ކަހަލައެވެ. އުއްޑުން އޮށޯވެލައިގެން ނިތުގައި ވައަތް ބާއްވާލައިގެން ކަނާތް މޭމަތީ ބާއްވާލައިގެން ސުފިޔާނު އޮތެވެ. އެހެން އޮއްވާ އެ ކޮޓަރިއަށް ހަމްރާ ވަން އަޑު އިވިފައި އޭނާ ކަނާތް ހިއްލާލާ ވައަތުން ފޮރުވިފައިވާ ލޮލުގެ ހިމަކޮޅު ފުހެލިއެވެ. ސުފިޔާނުގެ އެ ޢަމަލު ހަމްރާއަށް ސިއްރެއްނުވިއެވެ. އަވަސް އަވަހަށް އައިސް ސުފިޔާނުގެ މަގަތުން އިށީނދެ އޭނާގެ މޭގައި ފިރުމާލިއެވެ.

“ހުރިހާ ކުދިންނަށްވުރެ ބޮޑަށް އަހަރެން އީތަންދެކެ ލޯބިވޭ. އަހަރުމެންގެ އެންމެ ކުޑަ ދަރިފުޅު އެއީ… އެންމެން ވެސް ބުނޭ އަހަރެންގެ ޅައިރުގެ ފޮޓޯއެކޭ އީތަންއަކީ… މަންމަ ހީކުރަނީ އަހަރެން އީތަންދެކެ ލޯބިނުވަނީ ކަމަށްތަ؟” ސުފިޔާނުގެ ކުރެހިފައިވާ އަޑު އިވިފައި ހަމްރާގެ ހިތް މަޑުވެގެންދިޔައެވެ. ލޯތްބާއިއެކު ހަޔާތުގެ ބައިވެރިޔާގެ މޭގައި އަނެއްކާ ވެސް ފިރުމާލިއެވެ. ސުފިޔާނުގެ ހިތްހަމަޖައްސައި ދިނުމަށް ބުނާނީ ކީކޭކަމެއް ހަމްރާގެ ވިސްނުމަކަށް ނައެވެ. މި ނޫނީ ސުފިޔާނު އެހާ ބަލިކަށި މީހެއްގެ ގޮތުގައި ހަމްރާ ނުދެކެއެވެ.

އެންމެން އެމީހެއްގެ ކޮޓަރިއަށް ވަދެ ގޭތެރެ ހިމޭންވިއެވެ. އެހެންނަމަވެސް ވެރިވެފައިވާ ތޫފާނުގެ ހަޤީޤަތް އެނގޭ އެކަކުގެ ލޮލަކަށް ވެސް ނިންޖެއްނައެވެ. ފިކުރު ކުރުމުގައި އޮވެވުނީއެވެ.

އީތަން ވެސް ފޯނު ހިފައިގެން އެނދުގައި އޮށޯވެލައިގެން އޮތީ ޒޫރިންނާއި އޭނާއާއެކުގައި ނަގާފައިވާ ފޮޓޯއަށް ބަލާށެވެ. އެހެންއޮއްވާ ޝައުންގެ ކޯލެއް އައެވެ. އެކުވެރިޔާ ހުރީ އީތަންއަށް ކަންތައްވީގޮތް އޮޅުންފިލުވަން ކެތްމަދުވެފައެވެ. އެހެންވެ އީތަން އެއްވެސް ކަމެއް ފޮރުވުމެއްނެތި ކަންތައްވީގޮތް ޝައުންއަށް ކިޔައިދިނެވެ. ގޭތެރޭގައި ބޮޑު ހަމަނުޖެހުމެއް އުފެދިއްޖެކަމެވެ. އީތަންގެ މޫނު ވެސް ދުށުމަށް ސުފިޔާނު ނޭދޭކަމެވެ. މާމަ ރާބިއާ ނުހިފެއްޓިނަމަ ސުފިޔާނު އޭނާ ގެއިން ވެސް ބޭރުކޮށްލީހެވެ.

“އަހަރެން ވެސް އެންމެ ކަންތައްބޮޑުވީ އީތަންގެ ބައްޕައަށް ތިކަން އެނގުނީމަ ވާނޭ ގޮތަކާއި މެދު… ދުވަސްކޮޅަކަށް އީތަން އަންނަންވީނު މިގެއަށް. ނޫނީ އަހަރެން ސުފިޔާނު ދޮންބެއާ ވާހަކަދައްކަންތަ؟ އަހަރެން ސުފިޔާނު ދޮންބެގެ ގާތުގައި އީތަން ބަދަލުވެއްޖެކަން ޔަޤީންކޮށްދޭނަން” ފޯނުން ޝައުން ބުނެލިއެވެ.

“ނޫން. އޭރުން ހައްތަހާ މައްސަލަ ގޯސްވާނީ. އަހަރެން ބޭނުމެއްނޫން އިތުރު މީހަކު މިދޭތެރެއަށް ވަންނާކަށް. ބައްޕަ ބޭނުންވެލައްވާ ގޮތަކަށް ކަންތައްކުރުމުގެ އިޚުތިޔާރު އެބައޮތް. އަހަރެން އެކަން ޤަބޫލުކުރާނަން… އައި ޑިޒާވް ހިޒް ރޭޖް. ރީންއާ ކުރިމަތިލާނީ ވެސް އަހަރެން. ސުފިޔާނުބޭބެގެ ކުރިމައްޗަށް ދާނީ ވެސް އަހަރެން. މިހާ ދުވަހު ފިނޑިއެއްހެން ހޮރަށްވަދެ ފިލާ އޮތީ. އެކަމުން އަހަންނަށް ކުޑަ ވެސް ހިތްހަމަޖެހުމެއް ނުލިބުނު. ރީން ބޭނުންވަނީ އެކަހަލަ މީހެއްނޫން. ރީން ބޭނުންވަނީ އޭނާދެކެ ލޯބިވާކަން ކެރިހުރެގެން ހާމަކުރަން ކެރޭވަރުގެ މީހެއް. އޭނާގެ ދަރިފުޅުގެ ބައްޕައަކީ އަހަރެންކަން އެންމެން ކައިރީ ބުނަން ކެރުން”

“އީތަން. އައި އެމް ރިއަލީ ވެރީ ވެރީ ސޮރީ… ހަމައަސްލު ވެސް އަހަރެން މިއަދު ވަރަށް ދެރަވޭ. ހިތަށް އަރާ އީތަން ގޮވައިގެން އެގެއަށް ނުދެވުނު ނަމައޭ. އަނެއްކޮޅުން އަހަރެން ބޭނުންވޭ އީތަންއަށް ރީން ލިބެން ވެސް… މި ހުރިހާ ދުވަހު އަހަންނަށް ރީންއާ މެދު ގެންގުޅެވުނު ޚިޔާލު މުޅިން ގޯސް. އޭނާ ހަޤީޤަތުގައި އީތަންދެކެ ލޯބިވާކަން އަހަންނަށް ވެސް ޤަބޫލުކުރެވޭ. ބްރަދަރ… ދެން އިރާދަކުރެއްވިއްޔާ އެފަދަ ނުބައިކަމަކަށް ދުވަހަކު ވެސް ގޮވައެއްނުލާނަން. އަހަރެން ވެސް އެފަދަ ކަމެއް ނުކުރާނަން. މިއަދު އަހަރެންގެ ހިތާއި ސިކުނޑިއަށް ވެސް ހަމަޖެހުމެއް ނުލިބޭ. އަބަދު ވިސްނެނީ ކުރެވުނު ކަންތައްތަކާ މެދު… އުޅެވުނު ގޯސް އުޅުމާމެދު… އީތަން އަހަރެންގެ ފަރާތުން އެހީއެއް ބޭނުންވާނަމަ ނުބުނެ ނުހުންނައްޗޭ. އީތަން ބުނި ކޮންމެ ކަމެއް އަހަރެން ކޮށްދޭނަން”

“ޝޯން. އަހަންނަށް ކެތްތެރިވުން މިއަދު އޮތީ. ތި އެކުވެރިޔާގެ ހިތްވަރުގެ ބަސްތަކާއި ހެޔޮ ދުޢާ ފިޔަވައި މިއަދު އަހަންނަށް ބޭނުންވާ އެހެންއެއްޗެއްނެތް. އަހަރެން ނަގާ ކޮންމެ ފިޔަވަޅެއްގައި އަހަންނާއެކު އެއްވެސް މީހަކު ނެތަސް ޝޯން ހުރެދެއްޗޭ”

“އިރާދަކުރެއްވިއްޔާ އަބަދުވެސް ތި އެކުވެރިޔާގެ އެންމެ ގާތުގައި ހުންނާނަން”

އީތަން އާއި ޝައުންގެ ދެމެދުގައި ދެކެވެމުން ދިޔަ ވާހަކަތައް ނިމުނު އިރު އީތަންގެ ލޮލުން ކަރުނައިގެ އަސަރު ފާޅުވެއްޖެއެވެ. ޒޫރިންގެ މަތިން މާބޮޑަށް ހަނދާންވީއެވެ. މޭމަތީ ފޯނު ބާއްވާލައިގެން އިރުކޮޅަކު އޮތުމަށްފަހު ދެ ލޯ ފުހެލިއެވެ. އަރިއަކަށް އެނބުރިލާ އެކަނިވެރިކަން ކަނޑުވާލުމަށް ބާލީސްގެނެސް މޭގައި ޖައްސާ ބާރުކޮށްލައިގެން އޮވެ ފޯނުން އަނެއްކާ ވެސް ޒޫރިންގެ ފޮޓޯއަށް ބަލަން ފެށިއެވެ.

އޯކިޑުވިލާގެއަށް އާދަޔާ ޚިލާފު ހިމޭންކަމެއް ވެރިވެފައި އޮންނަތާ ތިން ދުވަސް ފާއިތުވެ ހިނގައްޖެއެވެ. ސުފިޔާނު އޭނާގެ ހަގު ދަރިފުޅާ ވާހަކަ ނުދައްކައެވެ. ފެނުނަސް ބަލާ ވެސް ނުލަނީއެވެ. އައިނީ އާއި އައިދަންއަށް ވެސް ކޮއްކޮ އީތަންގެ ވާހަކަތައް ސިއްރެއްނުވިއެވެ. އެހެންނަމަވެސް ސުފިޔާނާއި އެ ކުދިންގެ ފަރާތުން ފެނުނު އަސަރުތައް މުޅިން ތަފާތެވެ. އައިނީ ހަޤީޤަތް ހޯދީ ޚުދު އީތަންގެ ގާތުގައި އަހައިގެންނެވެ. އީތަންދެކެ ޢާއިލާގެ ހުރިހާ އެންމެން ވެސް ޚާއްޞަ ލޯތްބެއްވެއެވެ. އީތަން ހިތާމަކުރުމަކީ އެމީހުން އެދޭ ގޮތެއް ނޫނެވެ. އައިދަން އޭނާގެ ބައްޕައަށް ވިސްނައިދޭން މަސައްކަތްކުރިއެވެ. ނަމަވެސް އެ އަޑު ސުފިޔާނު ނޭހިއެވެ. އީތަން މިހާރު އެންމެ ދެރަވަނީ އެކަމާއެވެ. ސުފިޔާނު އޭނާއަށް ދެވަނަ ފުރުޞަތެއް ދޭން ބޭނުންނުވަނީ ކީއްވެކަމެއް ނުވިސްނޭތީއެވެ.

އީތަންގެ ފޯނުން އެތައް މެސެޖެއް ޒޫރިންއަށް ފޮނުވިއްޖެއެވެ. ނަމަވެސް އެއްވެސް ޖަވާބެއް ނުލިބެއެވެ. އެގޭ ދޮށަށް އީތަން ދިޔަ ނަމަވެސް އެގޭ ދޮރޯށިވަނީ އޭނާއަށްޓަކައި ބަންދުވެފައެވެ. ދޮރުމަތީގަ އާއި މަގުގެ އަނެއްފަރާތުގައި އެތައް އިރަކު އީތަން މަޑުކުރެއެވެ. ފަހަރެއްގައި ޓެރެސްއަށް ޒޫރިން ދަރިފުޅު ގޮވައިގެން ނުކުމެދާނޭކަމުގެ އުންމީދުގައެވެ. ނަމަވެސް އެނބުރި ގެއަށް އަންނަންޖެހެނީ ނާއުންމީދުވެގެންނެވެ. ހިތަށް ކެތްނުކުރެވޭހާ ވޭން އިހުސާސްކުރަމުންނެވެ. އަމިއްލަ ނަފްސަށް އަޅާލުމަށްވުރެ އާވާރާއެއް ފަދައިން ޒޫރިންގެ ޚަބަރު ބަލަން އީތަންއަށް ދެވެއެވެ. އެކަމާ ޢާއިލާގެ މެންބަރުން ކަންބޮޑުވެއެވެ.

“ކޮއްކޯ… އީތަން… ދެން އެއްޗެއް ކާން ތެދުވޭ… ކޮއްކޮ ތިހެން އުޅޭތީ މާމަ ވެސް ރޮނީ. ކޮއްކޮއަށް އެނގޭނެ މާމަގެ ހަށިގަނޑުގައި އަބަދު ރޮއެ ހިތާމަކުރާހާ ވަރެއްނުހުންނާނޭކަން. ދެން ތެދުވޭ… މިހާރު ބަލާބަލަ ތިހިރަ ތުނބުޅިއެއް. ނުބޭލިޔަސް ތުނިކޮށް ކޮށާލެވިދާނެއެއްނު. ތިގޮތަށް އަމިއްލައަށް އަނިޔާނުދީ…” އައިދަން އައިސް އީތަންގެ އެނދުގެ މަގަތުގައި އިށީނދެ ވާހަކަދައްކަން ފެށިއެވެ. އީތަން އަނގައިން ނުބުނުމުން ވެސް އޭނާ ދުލެއް ނުކުރިއެވެ. އީތަންއެކޭ އެއްގޮތަށް އައިދަންއަކީ ވެސް ބޮޑު ހަށިގަނޑެއް ލިބިފައިވާ ދިގު އިސްކޮޅެއްގެ ވެރިއެކެވެ. ކަސްރަތުކުރުމަށް ޖަލާލުއާއެކު ޤަވާޢިދުން ދާތީވޭ އޭނާގެ މުލަށްދަނޑީގައި ބާރު އެބަހުއްޓެވެ. ހަރަކާތެއްކޮށްނުލާ އޮތް އީތަންގެ ދެކޮނޑުގައި ހިފާ އައިދަން އޭނާ ނަގައިފިއެވެ.

“ދޮންބޭ…”

“ކޮން ދޮންބޭއެއް ކިޔާކަށް…. އަހަރެންގެ ސިކުނޑި ފަޅައިގެން ހިނގައިދާހާވޭ. އެއްކޮޅުން މާމަ ރޮނީ. ބައްޕަގެ ރުޅިއެއް މަޑުވަނީއެއްނޫން. އީތަން މިތަނުގައި މަރަށް ދަޢުވަތުދީގެން އޮންނަނީ… އަހަންނަކަށް މި ހުރިހާ ސަކަރާތެއް ބަލާކަށް ކެތެއްނުވާނެ. ތީ ފިރިހެނެކޭ ނިކަން ފިރިހެނެއްހެން އުޅެބަލަ. ހިތާމަ ވެސް ކުރަންޖެހޭނެ. އެކަމަކު ތީ ބޮޑުވަރު. ނަމާދުކޮށް ނިކަން ﷲއަށް ތަޤުވާވެރިކަމާއެކު ދަންނަވަބަލަ. ރޯމިއޯ ހެދުނީމާ ހަމައެކަނި ލޯބިވެވުނީއެއްނޫނޭ… ހިނގާ މަށާއެކު…” ހިތްހަމަނުޖެހުމާއިއެކު ވެސް އައިދަންގެ އަޑުގައި އޯގާތެރިކަން ވިއެވެ. ކޮއްކޮ އާއި ޢާއިލާގެ މަސްލަހަތު ގެއްލެމުންދާތީވެ އެކަމާ އިންތިހާއަށް އޭނާ ކަންބޮޑުވާކަން އެނގެއެވެ.

އީތަން ފާޚާނާއަށް ވައްދައި ފާޚާނާ ތަށީގެ މަތިގަނޑުމަތީ އޭނާ ބޭންދުމާއެކު ލޯގަނޑު ހަރުކޮށްފައި ހުރި ކަބަޑު ހުޅުވާލާފައި އޭގެތެރެއިން ޓްރިމާ ނަގާ އީތަންގެ ތުނބުޅި ހެދުމަށް އައިދަން އުޅުނެވެ. ކުޑަކުއްޖަކު ބަސްއަހައިގެން އިންހެން އީތަން އިނެވެ. އައިދަން އޭނާގެ ކޮއްކޮގެ ތުނބުޅި މަތިމަސް ތުނިކޮށްލުމާއެކު މާގަނޑުގެ ދަށަށް އޭނާ ގެންގޮސްލާފައި ފެންވަރައިގެން ނުކުންނަން ބުނެ ފާޚާނާއިން ނުކުމެ ދޮރުކައިރީ މަޑުކޮށްލައިގެން ހުއްޓެވެ.

ރާބިއާގެ ގާތުގައި އިން އައިނީ މާމައަށް ވިސްނައިދޭން މަސައްކަތްކުރިއެވެ. ސުފިޔާނު ނުރުހުނަސް ޢާއިލާގެ ފަރާތުން ކޮންމެވެސް ގޮތެއް ނިންމަންވެއްޖެ ކަމުގައެވެ. އެހެންނަމަވެސް ސުފިޔާނަށް ކުރާ ޤަދަރަށް އުނިކަމެއް އަންނާކަށް ރާބިއާ ބޭނުމެއްނުވެއެވެ. އީތަންގެ ލޯބި ހޯދުމަށް އޭނާ ސަލާން ޖަހަން ވެސް ހުރީ ތައްޔާރަށެވެ. އެކަމަކު އެކަން ކުރަން ސުފިޔާނާ ދެކޮޅަށް ތެދުވަންޖެހޭތީ ފަސްޖެހެވެނީއެވެ. ހުރި ހަމައެކަނި ފިރިހެންދަރިފުޅުގެ ހިތުގައި ޖެއްސުމަށް ރާބިއާއަށް ފިޔަޅެއް އަޅަން ނުކެރެނީއެވެ.

އައިދަންގެ ނަޞޭޙަތުގައި އީތަން ހިފިއެވެ. އޭނާގެ އާވާރާ ދިރިއުޅުން ދޫކޮށްލާ ހިތުގެ އުދާސްތައް އަމިއްލަ ނަފްސަށް ނޫނީ ނޭނގޭނޭހެން ސިއްރުކުރިއެވެ. އެހެންނަމަވެސް އެ މޫނުމަތިން އެންމެ ފުރިހަމަ އުފާވެރިކަމެއް ނުފެނުނެވެ. އުޅެއުޅެ ވެސް އީތަންއަށް އުފާވެރިކަމާއި ހިނިތުންވެލަން ފަސޭހަކަމަކަށް ނުވިއެވެ. އޭނާގެ ހުރިހާ އިހުސާސެއް ބަންޑުންކޮށްލަމުން ދިޔައީ ހެއްދެވި ފަރާތަށް ކުރިމަތިލާ ވަގުތުތަކުގައެވެ.

ރޭގަނޑުގެ ވަގުތެވެ. ޒޫރިންގެ ލޮލާ ނިދިވަކިވިތާ ކިތަންމެ ރެޔެއް ފާއިތުވެ ހިނގައްޖެއެވެ. ފޯނު ހިފައިގެން އޮތް އިރު އޭނާގެ ފޯނަށް އީތަންގެ މެސެޖުތައް ލިބެމުންދިޔައެވެ. އިންސާނަކަށް އަނެއްސާނާއަށް އާދޭސްކުރެވޭނީ އެފަދަ ވަރަކަށެވެ. ދަރިފުޅު ބަލާލުމަށް އެދޭވަރު އީތަން ހާމަކުރަމުން ދިޔައެވެ. އީތަންގެ މެސެޖުތައް ކިޔައި ޒޫރިންގެ ލޮލުން ކަރުނަ އޮހޮރަމުން ދިޔައީ އެކަމަށް ނިމުމެއްނެތް ފަދައަކުންނެވެ. ބޭއިޚްތިޔާރުގައި ޒޫރިން އެނދުން ތެދުވެގެން އައިސް ކުޑައެނދުގެ ކައިރީ ހުއްޓިލިއެވެ. ނިދިފައި އޮތް ދަރިފުޅުގެ މޫނަށް އޭނާ ބަލަމުން ދިޔައެވެ. ދެ ލޮލުން ކަރުނަ ފުހެމުން ދަރިފުޅުގެ ސޫރައިގެތެރެއިން އީތަން ހޯދިއެވެ. އެނދުގެ މަގަތުފަޑި ތިރިކޮށްލާފައި ދަރިފުޅުގެ އެނދުކައިރީ ޒޫރިން އިށީނެވެ. އަދި ލޯބިން ފުރިގެންވީ ފަދަ ގޮތަކަށް ދަރިފުޅުގެ ބޮލުގައި ފިރުމާލިއެވެ. މަޑުމަޑުން ފޯނު ދަރިފުޅާ އަމާޒުކޮށްލާފައި ޒޫރިން ފޮޓޮއެއް ނެގިއެވެ. އޭނާގެ އެ ޢަމަލު ޚުދު އޭނާއަށް ވެސް ދެނެގަންނާކަށް ނޭނގެއެވެ. އެހެންނަމަވެސް ދަރިފުޅުގެ ފޮޓޯ ވައިބަރ މެދުވެރިކޮށް އީތަންއަށް ފޮނުވާލައިފިއެވެ. އީތަންގެ ފަރާތުން ޖަވާބު އައީ ވަރަށް ވެސް އަވަހަށެވެ. އެއާއެކު ޒޫރިން އަވަސްއަވަހަށް އޭނާގެ ފޯނު ނިއްވާލިއެވެ. ކުއްލިއަކަށް ތެދުވެ ކުޑަދަރިފުޅަށް ބަލާލާފައި އެނދުގެ ފަޑި އުސްކޮށްލާ ތަންޑުއަޅުވާލުމަށްފަހު ފޯނު އެނދުގެ އަރިމަތީ ކަބަޑުގެ މަތީ ބާއްވާލިއެވެ. އަދި އައިސް އެނދުގައި އިށީނދެގެން އިނީ އޭނާއަށް ކުރެވުނު ކަންތަކާ މެދު ވިސްނާށެވެ. އީތަންއަށް ދަރިފުޅުގެ ފޮޓޯ ފޮނުވުމުން އީތަން ހިތަށް އަރާނޭ އެއްޗަކާމެދު ވިސްނާށެވެ. އަދި އެހެން ޒޫރިން ކަންތައްކުރީ ކީއްވެތޯ އަމިއްލަ ޟަމީރާ ސުވާލުކުރިއެވެ.

މުޅި ރޭ ހޭދަވެގެން ދިޔަ ގޮތް ވެސް އީތަންއަށް ނޭނގެއެވެ. ރޮއެރޮއެފައި ފޯނުން ފެންނަމުން ދިޔަ ދަރިފުޅުގެ ފޮޓޯގައި ފިރުމިއެވެ. ދޭތެރެއަކުން ތުންފަތުގައި ގެނެސް ފޯނުޖައްސާލުމާއެކު އިސްކުރީނުގައި ބޮސްދެއެވެ. މޮޔައަކު ފަދައިން “ދަރިފުޅާއޭ” ނޫނީ “ރީންއޭ” ގޮވާލައެވެ. އެހާލުގައި އުޅެނިކޮށް ފަތިސްނަމާދަށް ގޮވައިފިއެވެ. އީތަން އެނދުން ތެދުވީ ޝުކުރުވެރިވާ ހާލުއެވެ. ޒޫރިން އޭނާގެ ދަރިފުޅު ދައްކާލުމުން އިތުރު ހިތްވަރެއް އީތަންއަށް ލިބިއްޖެއެވެ. ބަޔާންކުރަން ދަތި ދިރުމެއް ހިތަށް ލިބުނު ކަހަލައެވެ. އެހެންޏާ ނުތެޅޭހާ ބާރުމިނުގައި އީތަންގެ ހިތް ތެޅެމުންދިޔައެވެ. ލޭހޮޅިތަކުން އެހިތަށް ލޭފޮނުވައިދޭ މިންވަރު އިތުރުވެފައިވާ ކަހަލައެވެ.

ފަތިސް ނަމާދަށް އައިސް ޖަމާއަތުގައި ބައިވެރިވެ ސަފުގައި ހުސްޖާގަ ނުބެހެއްޓުމަށް ކުރިއަށް އޮތް ސަފަށް އީތަން އެރިއެވެ. ޖެހިގެން ހުރީ ސުފިޔާނުކަން އެނގުނީ ދެނެވެ. ހިތްއަވަސްވެ ހަދާނޭ ގޮތެއް ނޭނގުނެއްކަމަކު އެވަގުތު އޭނާގެ ހިތާއި ރޫޙަށް ސާބިތުކަން ލިބިގެން ދިޔައެވެ. ނަމާދުކޮށް ނިންމާލުމަށްފަހު އީތަން ނުކުންނަން ވާއިރަށް ސުފިޔާނު މިސްކިތުން ނުކުމެއްޖެއެވެ. މީހުންތަކުގެ ތެރެއިން އީތަން އޭނާގެ ފައިވާނަށް އަރައިގެން ދުވެފައި މިސްކިތުން ނުކުތީ ސުފިޔާނު ހޯދުމަށެވެ. ކުރިއަށް ދެވެން އޮތް މަގުގެ އެއްފަރާތުން ސުފިޔާނު ހިނގާފައި ދާތަން އީތަންއަށް ފެނުނެވެ.

“ބައްޕާ…” ބާރަށް ހިނގާފައި އައިސް ސުފިޔާނާ އެއްވަރު ކުރަމުން އީތަން ގޮވާލިއެވެ. އޭނާގެ އަޑު އިވުނު ކަމަކަށް ސުފިޔާނު ނުހަދައެވެ. އީތަން އަނެއްކާ ވެސް ގޮވާލިއެވެ. ދެން ވެސް ސުފިޔާނު ޚިޔާރުކުރީ ހިމޭންކަމެވެ. ޖިންސުގެ ދެ ޖީބަށް އަތްތިލަކޮށްޕާލައިގެން ހުރެ ސުފިޔާނާ އެއްވަރަށް ހިނގާފައި އައިސް އީތަން ގެއަށް ވަނެވެ.

އެހެންޏާ ފަތިސް ނަމާދުކޮށްލައިގެން އައިސް ސިޓިންރޫމުގައި މަޑުކޮށްލާ ސުފިޔާނު މަޑެއް ނުކުރިއެވެ. ހަލުވި ފިޔަވަލުތަކެއްގައި އޭނާގެ ކޮޓަރިއަށް ގޮސް ވަނެވެ. ކަރުއެލުވާލި އީތަން އައިސް ސޯފާގައި އިށީނެވެ. ނިތްކުރީގައި ފިރުމަމުން އޭނާ އެކި ކަންކަމާ ފިކުރު ހިންގިއެވެ. ކޮންމެވެސް ގޮތެއް ވިސްނުނީ ކަންނޭނގެއެވެ. އީތަން ކުއްލިއަކަށް ތެދުވެގެން އައިސް އޭނާގެ މައިންބަފައިން ނިދާ ކޮޓަރީގައި ޓަކިދިނެވެ.

“ދަރިފުޅުތަ؟ ކިހިނެއްވީ؟” ނަމާދު ދޮޅި އަޅައިގެން ހުރި ހަމްރާ ކޮޓަރީގެ ދޮރުމަތީ އީތަން ހުރިތަން ފެނުމުން ހައިރާންވެފައި އަހާލިއެވެ.

“ބައްޕައާ ބައްދަލުކޮށްލަން… މަންމާ. ޕްލީޒް… ބައްޕަ ގާތުގައި ނަންގަނެދެއްވާ ހަމަ އެންމެ ފަހަރަކު މި ދަރިފުޅު ބުނަން އުޅޭ އެއްޗެއް އަޑުއައްސަވާ ބައްލަވާށޭ…. ޕްލީޒް މަންމާ…” އީތަން އާދޭހުގެ ގޮތަކަށް ބުނެލިއެވެ. އެއާއާއެކު އީތަންގެ ކޮނޑުގައި ހަމްރާ ފިރުމާލާފައި ބޯޖަހާލިއެވެ.

“އަޅުގަނޑު މި އިނީ ސިޓިންރޫމުގައި” އީތަން ބުނެލިއެވެ. ދެން ވެސް ހަމްރާ ބޯޖަހާލީއެވެ.

އީތަން އެނބުރި ދިއުމުން ދޮރުލައްޕާފައި ހަމްރާ ކޮޓަރިއަށް ވަނެވެ. އަދި ނަމާދު ދޮޅި ބޮލުން ނަގަމުން ލޮލުގެ ހިމަކޮޅުން އެނދުގެ ހެޑުބޯޑުގައި ލެނގިލައިގެން އިން ސުފިޔާނަށް ބަލާލިއެވެ. އީތަންގެ އަޑު ސުފިޔާނަށް އިވޭނޭކަން ހަމްރާ ޔަޤީންކުރިއެވެ. އެހެންވެ އެއްޗެއް ބުނަން މަޑުކޮށްލީ ސުފިޔާނު އެއްޗެއް ބުނޭތޯއެވެ. ނަމަވެސް ހަމްރާ ނަމާދު އެއްޗެހި ނަގާ އަލަމާރިއަށް ލީއިރު ވެސް ސުފިޔާނު ހިމޭނުން އިނުމުން އެގޮތް ހަމްރާއަކަށް ކަމަކު ނުދިޔައެވެ.

“އީތަން އިސްވެ ސުފިޔާނާ ވާހަކަދައްކަން އައި ދުވަހެއް ހަނދާން އެބަހުރިތަ. އެކުއްޖާ ބޮޑުވެ ޒުވާނަކަށްވީ ފަހުން ސުފިޔާނާ ވީހާ ވެސް ދުރުދުރުން އުޅެވޭތޯ ބެލީ… އެކަމަކު މިއަދު އޭނާ އިސްވެ އެގޮތަށް އައުމުން ސުފިޔާނު ކީއްވެ ތިއިންނަނީ. ދޭބަލަ އޭނާ ބުނާ އެއްޗެއް އަޑުއަހަން. ކިތަންމެ ރުޅިއެއް އަޔަސް އެއީ ސުފިޔާނުގެ ދަރިއެއްނޫން ކަމަކަށްނުވާނެ. މިއަދު އެ ދަރިފުޅު އާދޭސްކޮށްފައި އެ ދިޔައީ ސުފިޔާނު އޭނާގެ ވާހަކަ އެއްފަހަރު ވިޔަސް އަޑުއެހުމަށް. އެ ފުރުޞަތު ސުފިޔާނު ޖެހޭނީ އެ ދަރިފުޅަށް ދޭން… އަހަރެން ދެކެ ސުފިޔާނު ވާ ލޯބީގެ ހައްޤުގައި ވިޔަސް ސުފިޔާނު ޖެހޭނީ އީތަންގެ ވާހަކަ އަޑުއަހަން. ތިގޮތަށް އެ ދަރިފުޅު އެއްފަރާތްކޮށްފައި ބަހައްޓާނީ ކިހާ ދުވަހަކުތަ؟ އޭނާއަށް ކުރެވުނު ކަންތައް އިހުސާސްކުރެވުނީތީ އަހަރުމެން ﷲއަށް ޝުކުރުވެރިވާން ޖެހޭނެ. ތިގޮތަށް އޭނާ ބާކީކޮށްލުމުން އިތުރަށް ސުފިޔާނުދެކެ އޭނާ ފޫހިވާނީ…. އަހަރެން މިދައްކާ ވާހަކަ ސުފިޔާނަށް އެބައިވޭތަ…” އަނގައިން ނުބުނެ އެއްދިމާއަކަށް ނަޒަރު ހުއްޓާލި ގޮތަށް ސުފިޔާނު އިނުމުން ހަމްރާއަށް އުނދަގޫވިއެވެ. ސުފިޔާނުގެ އަތުގައި ހިފާ ތަޅުވައިގަތެވެ. އެއާއެކު އަނގައިން ނުބުނެ ސުފިޔާނު އެނދުން ތެދުވިއެވެ.

“ނޫން ސުފިޔާނު. އޭނާގެ ވާހަކަތައް އަޑުއަހަންނޫން ގޮތަށް މިކޮޓަރިން ނުކުމެގެން ނުވާނެ…” ހިތްބިރުގެންފައި ހުރި ހަމްރާ އޭނާގެ ދެއަތުން ސުފިޔާނުގެ އަތުގައި ހިފަހައްޓާލިއެވެ. އެހިނދު ސުފިޔާނު ބަލާލީ ވަރަށް ވެސް ފުން ބަލާލުމަކުންނެވެ. އަދި ހަމްރާގެ ކޮނޑުގައި ހިފާ އެއްފަރާތްކޮށްލިއެވެ. އެ ދެލޮލަށް ބަލާލަމުން މަޑުމަޑުން ބޯޖަހާލިއެވެ. އަދި ކޮޓަރިން ނުކުންނަން ހިނގައިގަތެވެ. އޭނާގެ ފަހަތުން ދާން ނުދާން ހުރެފައި ހަމްރާ ކޮޓަރިން ނުކުތެވެ. ކަންބޮޑުވެފައި ހުރެ ޖޯޑުކޮށްލެވުނު ދެއަތްތިލަ މޭގައި ޖައްސާލައިގެން ހުރެ ސުފިޔާނުގެ ހަރަކާތްތަކަށް ފާރަލިއެވެ.

އިސްޖަހާލައިގެން އިން އީތަންއަށް ސުފިޔާނުގެ ހިޔަނިވިއެވެ. އެއާއެކު އިންތަނުން ނިކަން އަވަހަށް ތެދުވެ ސުފިޔާނަށް އިށީންނަން އިޝާރާތްކޮށްލިއެވެ. އީތަންއަށް ބަލާލާފައި ސުފިޔާނު ދިގު ސޯފާގެ މެދެއްހާ ހިސާބުގައި އިށީދެއްޖެއެވެ. އީތަން ކުރިން ވެސް އިން ގޮނޑީގައި އިށީނެވެ. ހަސްކަމާއެކު ދެއަތް ދެއަތާ ހާކާލުމާއެކު އޭނާ ކަރުކެހިލިއެވެ. ބައްޕަގެ ކުރިމަތީގައި އޭނާ ހިތްވަރު ނެރެން މަސައްކަތްކުރަނީއެވެ.

“އަޅުގަނޑަށް… އަޅުގަނޑަށް މާފުދެއްވާ ބައްޕާ. ﷲ ގަންދީ ހުވާކުރަން ދުވަހަކު ވެސް ދެން އެފަދަ ކަމެއް ނުކުރާނަން. އެކަމަކު އަޅުގަނޑަށް ރީން އެކަނިވާން ދޫކޮށެއް ނުލެވޭނެ. ބައްޕަގެ ލޭ އަޅުގަނޑުގެ ހަށިގަނޑުގައި ހިނގާއިރު. ރީންއަށް ލިބުނު ދަރިފުޅުގެ ގައިގާ ހިނގަނީ އަޅުގަނޑުގެ ލޭ… މި ޢައިލާއާ އެކުއްޖާއާ ގުޅުން ކަނޑައެއްނުލެވޭނެ… އަނތްބެއްގެ މަޤާމު ރީންއަށް ދޭން އަޅުގަނޑު ބޭނުން. ބައްޕާ! އަޅުގަނޑަށް ތިޔަހާ ނަފުރަތުނުކުރައްވާ. އަޅުގަނޑުގެ ސަބަބުން މުޅި ޢައިލާގެ އުފާވެރިކަން ގެއްލިއްޖެ. ބައްޕަގެ ހަމަޖެހުން ނަގާލެވިއްޖެ. ބައްޕަ އަބަދުވެސް އެދިލަވަމުންދިޔައީ ހަރުދަނާ މީހަކަށް އަޅުގަނޑުވުމަށް. އެ ސިފަ އަޅުގަނޑުގެ ފަރާތުން ނުދެއްކުނީތީ މާފުކުރައްވާ…. ބައްޕާ! ނިކަން ބައްލަވާ… މޮ ފޮޓޯގައި އެވަނީ އަޅުގަނޑުގެ ދަރިފުޅު… އެ ކުއްޖާގެ ކުށަކީ ކޮބައިތޯ….” އީތަން އައިސް ސުފިޔާނުގެ ގާތުގައި ދެ ކަކޫ މައްޗަށް ތިރިވެ ފޯނުން ޒޫރިން ފޮނުވި ދަރިފުޅުގެ ފޮޓޯ ސުފިޔާނަށް ދައްކާލިއެވެ. ނުބަލަން އިނދެފައި ވެސް ސުފިޔާނުގެ ނަޒަރު އީތަންގެ ފޯނުގެ ސްކީރީނަށް ހުއްޓުނެވެ. ލޯބިކޮށް ނިދާފައި އޮތް ދޮންދޮން ކުއްޖެކެވެ. ލައްވާފައި އޮތް ހެދުމުގެ ކުލައިން އެއީ ފިރިހެންކުއްޖެއްކަން ސުފިޔާނަށް ވެސް އެނގުނެވެ. އެއްވެސް އެނގުމަކާ ނުލާ ސުފިޔާނުގެ ދެ ލޯ ކަރުނުން ފުރުނެވެ. އަވަސް އަވަހަށް އީތަންއާ ދުރަށް މޫނު އަނބުރާލިއެވެ. އޭނާއަކީ މީހުން ހީކުރާހާ ހިތް ހަރު މީހެއްނޫނެވެ. އީތަންއަށް އަވަސްއަވަހަށް ސުފިޔާނަށް ބަލާލެވުނެވެ. ބައްޕަ މޫނު އަނބުރާލުމުން އެހިތަށް އަސަރުކުރީއެވެ. އެކަމަކު އީތަންގެ މޭ ތޮރުފާލާ ހިތުގައި ލަތްކެއް ޖެހިފަދަ އިހުސާސަކާއި ވޭނެއް ލިބިގެން ދިޔައީ ސުފިޔާނުގެ ކޯތާފަތުގައި އެޅިގެން ދިޔަ ކަރުނައިގެ ރޮނގު ހިފެހެއްޓުމަށްޓަކައި ސުފިޔާނުގެ އަތްތިލަ އަނގަމައްޗާއި ކޯތާފަތުގައި ޖައްސާލިތަން ފެނިފައެވެ.

ދުރުގައި ބަލަން ހުރި ހަމްރާގެ ހިތަށް ވެސް ފުންއަސަރެއް ކުރެވިގެން ދިޔައެވެ. ދަރިފުޅާއި ބައްޕަގެ ދެމެދުގައި ހީވެސް ނުކުރާހާ ގާތްކަމެއް އޮތްކަން ހަމްރާއަށް ޤަބޫލުކުރެވުނެވެ. ކުރިއަށް ފިޔަވަޅެއް އަޅާލަން އުޅެފައި ވެސް ކުއްލިއަކަށް ހަމްރާ ހުއްޓުނީ ސުފިޔާނާއި އީތަންގެ ދެމެދުގައި މިހާރު އެވާ ގާތްކަމަށް އޭނާގެ ސަބަބުން ހުރަސް އެޅިދާނޭހެން ހީވެގެންނެވެ.

“ބައްޕާ! އަޅުގަނޑަށް ބައްޕަގެ ހިތުގައި ޖެއްސުނީތީ މާފުކުރައްވާ. އަޅުގަނޑުގެ ގައިގާ ހުރި އުނި ކަމަކީ ބައްޕަގެ ސަބަބުން ލިބިފައިވާ އުނިކަމެއްނޫން. މިހާރު ހިތަށް އަރާ ބައްޕަ ދެއްވި ނަސޭޙަތުގައި ހިފުނުނަމައޭ، ޕްލީޒް ބައްޕާ. އަޅުގަނޑުގެ ސަބަބުން ބައްޕަ ރޯވަރުގެ ކަމެއް ކުރެވުނީތީ މިއަދު ވަރަށް ހިތުގައިޖެހިއްޖެ. ބައްޕަ އެދިލައްވަނީ އަޅުގަނޑު މިގެއިން ނުކުމެގެން ދާންކަމުގައި ވާނަމަ އަޅުގަނޑު އެކަން ކުރާނަން. މިއަދު މިގެއިން ނުކުމެގެން އަޅުގަނޑު ހިނގައިދާނަން… އެކަމަކު އަޅުގަނޑު ބައްޕަ ބޭނުންވެލައްވާ ފަދަ ހަރުދަނާ ޒިންމާދާރު ޒުވާނަކަށް ވާން މަސައްކަތްކުރާނަން. އަމިއްލައަށް ހެދުނު ގޯސްތައް އިރާދަކުރެއްވިއްޔާ ރަނގަޅު ކުރާނަން…” އީތަންގެ އަތުގައި އޮތް ފޯނު އޭނާގެ ޖިންސުގެ ޖީބަށް ލާފައި ސުފިޔާނަށް ބަލަން އިރުކޮޅަކު މަޑުކޮށްލިއެވެ. އިތުރަށް އޭނާގެ ސަބަބުން ސުފިޔާނަށް ލިބޭނީ ހިތްދަތިކަން ކަމުގައި ޤަބޫލުކުރެވޭތީވެ އީތަން ތެދުވެގެން އެތަނުން ދިއުމަށް ގަސްދުކުރިއެވެ. ނަމަވެސް އޭނާ ތެދުވަން އުޅުމާއެކު ސުފިޔާނު އޭނާގެ ކޮނޑުގައި އަތްޖައްސާލިއެވެ. އަދި ވައަތުން ދެ ލޯ ފުހެލާފައި ކުރިމަތީ ދެކަކޫ މައްޗަށް ތިރިވެ ހުރި ދަރިފުޅަށް ސުފިޔާނު ބަލާލިއެވެ.

“އެއްވެސް ކުއްޖަކަށް ނުކުރާހާ އިތުބާރު ދަރިފުޅަށް ކުރިން. މިގޭގައި އެންމެ ބޮޑު އުންމީދެއް ބައްޕަކުރީ އީތަންއާ މެދު. އާން! ބައްޕަގެ ހިތުގައި އީތަން ޖައްސައިފީމު… ދަރިފުޅު ތިކުރީ ހުތުރުކަން ބޮޑުވެގެންވާ ފާފައެއް. ބައްޕަ މިއަދު ދެރަވަނީ އީތަން އެކަމުން ސަލާމަތްނުކުރެވުނީމަ. އެ ފާފަކުރުމުން ނުހުއްޓުވުނީމަ…”

“ބައްޕާ! އަޅުގަނޑަކީ ތަންދޮރު ނޭނގޭވަރު ކުޑަކުއްޖެއްނޫން. ވީމާ ބައްޕަ ކިހިނެއްތޯ އަޅުގަނޑު ހުއްޓުވާނީ. ހިސާބަށްވުރެ މީހާއަށް މަގުއޮޅުނީމާ އެއްވެސް މީހެއްގެ ނަސޭހަތެއް ޤަބޫލެއްނުކުރެވޭނެ. އަޅުގަނޑަށް ވެސް ހުރީ މަގުއޮޅިފައި. އެހެންނޫންނަމަ އެފަދަ ނުބައިކަމެއް ނުކުރެވުނީސް. އަޅުގަނޑު ކުރިކަމަކީ ޚުދު އަޅުގަނޑުގެ އަމިއްލަ ކުށް. އެކަމުގައި ބައްޕަގެ އެއްވެސް ކުށެއްނެތް”

“އީތަންއަށް ބައްޕަ އެއްޗެހި ކިޔާކަމުގައި ހީވިޔަސް މި ބައްޕަގެ ހިތް އީތަންއަށް ސާފު. ދަރިފުޅަށްވުރެ ބޮޑަށް ބައްޕަ ލޯބިވާ ކުއްޖަކުނެތް. ރުޅި އާދެވުނީ އެހެންވެ. އީތަންއަކީ ބައްޕަގެ ދަރިއެއް. މިގޭގައި އީތަންއަށް އުޅެވޭނެ… ނުކުމެގެން ގޮސްގެން ނުވާނެ… އެހެން ވިސްނައިގެން ވެސް ނުވާނެ…” ސުފިޔާނުގެ ވާހަކަ ނުނިމެނީސް އޭނާގެ ކަކުލުގައި ދެއަތްތިލަ ޖައްސާލުމާއެކު އީތަންގެ ނިތް އަތްތިލައިގައި ޖައްސާލިއެވެ. ބައްޕަ އޭނާދެކެ އެހާ ލޯބިވާކަން ކުރިން އެނގުނުނަމައެވެ. ބައްޕަގެ ޚިޔާލަކީ މުހިންމު ޚިޔާލެއްކަމުގައި މީގެކުރިން އީތަން ނުދެކެއެވެ. ޢާއިލާގެ ހުރިހާ މެންބަރުންގެ ތެރެއިން އެންމެ ފަހަށް އީތަން ވިސްނާ މީހަކީ އަބަދުވެސް ސުފިޔާނެވެ. އެކަމަކު ސުފިޔާނުގެ ހިތް އޮތް ގޮތް އެނގުމުން މިއަދު އީތަންގެ ހިތް ރޮއްވާލައިފިއެވެ. ސުފިޔާނުގެ ކަކުލުގައި ބޯޖައްސާލައިގެން އިނދެ އޭނާއަށް ރަނގަޅަށް ވެސް ރޮވިއްޖެއެވެ. ލަދުވެތިކަން މުޅި ނަފްސުގެ ވަށައިގެން ހިޞާރެއްލައިފިއެވެ. ބައްޕައާ ހަތަރުކަޅި ހަމަކޮށްލުމަކީ އީތަންއަށް ކުޅަދާނަކަމަކަށް ނުވީއެވެ.

“މިސްކިތުގައި ދަރިފުޅު ނަމާދަށް ހުރިތަން ފެނުނު ވަގުތަކީ ބައްޕަގެ ހަޔާތުގައި ވެސް މި ދެލޮލަށް ފިނިކަން ލިބިގެން ދިޔަ މަންޒަރެއް… ބައްޕަގެ އެންމެ ލޯބިވާ ކުޑަ ދަރިފުޅު ތީ… ދަރިފުޅަށް ކިތަންމެ ފުރުޞަތެއް ވެސް ބައްޕަ ދީފާނަން. ދަރިފުޅު އަޑު ބައްޕަ އަބަދުވެސް އަހަން ބޭނުންވޭ. ކީއްވެތަ ބައްޕަ ގާތުގައި އެންމެ ފުރަތަމަ ވެސް ނުބުނީ. ހުރިހާކަމެއް އަޑު މި އިވުނީ އެހެން މީހުންގެ ފަރާތުން. ބައްޕައަކީ އެހާ ވެސް ދުރުމީހެއްތަ؟ ބަލަ ބައްޕަ ހަރުކަށިކޮށް އެއްޗެހި ބުނަނީ އީތަންއަށް ވިސްނޭތޯއޭ… ރަނގަޅުމަގުން އީތަން ހިގަން ބޭނުންވާތީ.. ކުރެވުނު ކަމެއް އެ އޮތީ ކުރެވިފައި. ދަރިފުޅު ބޭނުންނުވި ނަމަވެސް މިއަދު ބައްޕަ ދަރިފުޅުގެ ގާތުން އެދޭނަން އެ އަންހެންކުއްޖާއާ އީތަން ކައިވެނިކުރަން. ބައްޕަ ކޮންމެ އަދަބެއް ދިނަސް ޤަބޫލުކުރާނަމޭ އީތަން ބުނީމެއްނު. ބައްޕަ އީތަންއަށް ދޭނެ އަދަބަކީ އެއީ… އެ އަންހެންކުއްޖާއާ އޭނާގެ ދަރިފުޅު އީތަން ބަލައިގަތުން” ސުފިޔާނުގެ އޭނާގެ ދަރިފުޅުގެ ބޮލުގައި ފިރުމާލިއެވެ. އެހިނދު ވަކިން ބޮޑަށް އީތަންއަށް ރޮވިއްޖެއެވެ. ސުފިޔާނު އަވަސްއަވަހަށް ދަރިފުޅުގެ ކޮނޑުގައި ނަގާ ގާތުގައި ބައިންދަމުން ގެނެސް ގަޔާ ކައިރިކޮށްލިއެވެ.

“އައި އެމް ސޮރީ ބައްޕާ…” ރޮމުންރޮމުން އީތަން ބުނެލިއެވެ. ސުފިޔާނު ލޯތްބާއެކު އީތަންގެ ބުރަކަށީގައި ފިރުމާލިއެވެ. އޭނާގެ ދަރިފުޅު ހިތާމަކުރާކަށް އޭނާ ނޭދެއެވެ. އަދި އެ ދަރިފުޅު އޭނާގެ ލޮލަށް ނުފެންނަ ހިސާބަށް ދާކަށް ވެސް ބޭނުމެއްނުވެއެވެ. އައި ރުޅީގައި ދަރިފުޅުގެ ގައިގާ ތަޅައިގަނެ ގެއިން ނުކުމެގެން ދިއުމަށް އަމުރުކުރެވުނީއެވެ. އެހެންނަމަވެސް އެއީ އޭނާ އީތަންދެކެ ވާ ލޯތްބެވެ. މިއަދު އެކަން އީތަންއަށް ވެސް ވިސްނިއްޖެއެވެ.

އީތަން ގަޔާ ދުރުކޮށްލާފައި ނުރޮއެ ހުއްޓާލުމަށް ސުފިޔާނު ބުންޏެވެ. އެއާއެކު އީތަން އޭނާގެ ދެ ލޯ ފުހެލިއެވެ. އަދި އިސްޖަހާލައިގެން އިނެވެ.

“ދަރިފުޅު ބޭނުންވަނީ ކޮން ގޮތެއް. ބައްޕަ އާއި ޢާއިލާގެ ފަރާތުން ދަރިފުޅަށް އެހީތެރިކަން ލިބޭނެކަން އެނގެއެއްނު” ސުފިޔާނު އޮޅުންފިލުވަން ބޭނުންވީ އީތަން ވިސްނާފައި އޮތް ގޮތެވެ. އެއާއެކު އީތަން އޭނާ ބޭނުންވާ ގޮތާއި ޒޫރިން އާއި އޭނާގެ ޢާއިލާ ކަންތައް ކުރިގޮތް ސުފިޔާނަށް ވަރަށް ރަނގަޅަށް ކިޔައިދިނެވެ. އެ ވާހަކަތަކާ މެދު ވިސްނަން އިން ސުފިޔާނު މަޑުމަޑުން ބޯޖަހަމުން ދިޔައެވެ.

* * * *

ޓްރެފިކްލައިޓުގައި ޖެހިފައި އައިނީ އިނީ އޭނާގެ ރަޙުމަތްތެރިޔާގެ ސައިކަލު ފަހަތުގައެވެ. އެމީހުންނާ ޖެހިގެން އެއްފަރާތުގައި އޮތް ކާރުގެ ދޮރުފަތުގެ ބިއްލޫރިގަނޑު ތިރިކޮށްލާފައި ޒުވާނަކު އައިނީއަށް ގޮވާލުމުން އެ ދިމާއަށް ބަލާލިއިރު ކާރުގައި އިނީ ނުފައިލެވެ. އެއާއެކު ނިކަން ބޮޑަށް އައިނީއަށް ހިނިތުންވެލެވުނެވެ. ކޮންތާކަށްތޯ ދަނީ ނުފައިލު ސުވާލުކޮށްލުމުން އައިނީ އޭނާގެ އޮފީހަށް ދަނީކަމުގައި ބުނެލިއެވެ. ނުފައިލު އޭނާގެ އެޑްރެސް ކާޑު އައިނީއަށް ދިއްކޮށްލަމުން ވަރަށް މުހިންމު ވާހަކައެއް ދައްކާލަން ބޭނުންވާތީ އޭނާގެ ނަންބަރަށް ގުޅާލަ ދިނުމަށް އެދުނެވެ. ނުފައިލު ފެނުނީއްސުރެން އޭނާއާ މެދު ޚިޔާލުކުރެވޭ އައިނީ ނިކަން އަވަހަށް ބޯޖަހާލިއެވެ. މަގުމަތީގައި ކަމަށްވާތީ ދެ މީހުންނަށް މާގިނަ ވާހަކަތަކެއް ނުދެއްކިގެން އުޅެނިކޮށް ޓްރެފިކުލައިޓު ފެހިވެއްޖެއެވެ. އެއާއެކު ދުއްވާއެއްޗެހީގެ ބަރުގޮނުތަކުގެ އަޑުފަށްގަނޑު ގަދަވިއެވެ. އައިނީ އާއި ނުފައިލު ވެސް ދެ މީހުންގެ މިސްރާބު ބަދަލުކޮށްލަން ޖެހިގެން ވަކިވުމުގެ ހިނިތުންވުމެއް ބަދަލުކޮށްލިއެވެ.

ހެނދުނު ދިހައެއް ޖަހަން އުޅެނިކޮށް ސުފިޔާނު ވެސް ގެއިން ނުކުމެގެން ހިނގައްޖެއެވެ.ފުރުޞަތަކަށް ބަލަބަލާ އިން ހަމްރާއަށް ފެނުނު މަންޒަރާއި އިވުނު އަޑުތައް ރާބިއާގެ ގާތަށް އައިސް ކިޔައިދިނެވެ. ލިބުނު ހިތްހަމަޖެހުމަކުން ރާބިއާ ހަމްދުއެޅިއެވެ. ސުފިޔާނަށް އެ ސިފަ ލިބުނީ އޭނާގެ ބައްޕަގެ ފަރާތުންކަމަށް ރާބިއާ ބުނެލިއެވެ. ހަމައެގޮތަށް އީތަންގެ އެ ހުރީ ސުފިޔާނުގެ ގޮތްދޫނުކުރާ ސިފަ ކަމުގައި ރާބިއާ ބުނެލީ ހިނިއައިސްފައި އިނދެއެވެ. ހަމްރާ އާއި ރާބިއާ އާ ދެމީހުން އީތަން އާއި ޒޫރިންއާ ދެކުދިން ގުޅުވަން ހަދާނޭ ގޮތަކާއި މެދު މަޝްވަރާގައި ތިއްބެވެ.

ޑިއުޓީ ނިންމާފައި ހަވީރު އޮފީހުން ނުކުންނަމުން އައިނީ އޭނާގެ އަތްދަބަހުން ނުފައިލުގެ އެޑްރެސް ކާޑުނެގިއެވެ. އަދި އޭގައިވާ ނަންބަރަށް ގުޅާލުމަށް ކާޑަށް ރަނގަޅަށް ބަލާލިއެވެ. ކާޑުގެ ފަހަތުގައި ގަލަމުން ލިޔެފައިވާ ނަންބަރު އައިނީގެ ލޮލުގައި އަޅައިގަތީ ދެނެވެ. ބޭއިޚްތިޔާރުގައި އޭނާއަށް ހީނލެވުނެވެ. އަދި އެ ނަންބަރަށް ގުޅާލިއެވެ.

“ތި ކޯލަށް ވަރަށް އިންތިޒާރު ކުރެވިއްޖެ” އައިނީގެ އަޑުޖެހުމާއެކު ނުފައިލު ބުނެލިއެވެ. އެހިނދު ރަކިގޮތަކަށް އައިނީއަށް ހީނލެވުނެވެ. ދެމީހުން ބައްދަލުކޮށްލަން ރެސްޓޯރެންޓަކަށް ދިއުމަށް ނުފައިލު ދަޢުވަތު ދިނެވެ. އެ ދަޢުވަތު އައިނީ ޤަބޫލުކުރިއެވެ. އަދި ނުފައިލު އޭނާ ބަލާ އަންނަން ދެން އޮފީސް ކައިރީ މަޑުކޮށްލައިގެން ހުއްޓެވެ.

ނުފައިލަށް ޚާއްޞަ ރެސްޓޯރެންޓަކަށް އޭނާ އައިނީ ގޮވައިގެން އައެވެ. ތަނުގެ ވެއިޓަރުންނަށް ނުފައިލު ފެނުމާއެކު ހިނިތުންވެލައެވެ. އަދި އޭނާއަށް ޚިދުމަތް ދިނުމަށް އެމީހުން އަވަސްވިއެވެ. އެއްފަރާތުގައި ހުރި މޭޒެއްގެ ދޮށުގައި ނުފައިލު އާއި އައިނީ އައިސް އިށީނެވެ. ދެ މީހުން ވެސް އޯޑަރ ދިނުމަށްފަހު އަނގައިން ނުބުނެ އިރުކޮޅަކު ހިމޭންނުން ތިއްބެވެ. އައިނީގެ ނަޒަރު އޭނާގެ އަތުގައި އޮތް ފޯނަށް ހުއްޓާލައިގެން އިންއިރު ނުފައިލުގެ ނަޒަރު ހުރީ އައިނީއަށް ހުއްޓިފައެވެ.

“ނޯ ނިއުސް ފްރޮމް އީތަން. އޭނާގެ ހާލު ގޯހީތަ؟” ނުފައިލު އަހާލިއެވެ.

“އީތަން… އާން.. އާން…” އައިނީ އެއްޗެއް ބުނަން އުޅެފައި ވެސް ފަސްޖެހެވުނެވެ. އީތަންގެ ހަޤީޤަތް ހާމަކުރާ ވަރަށްވުރެ ނުފައިލުއަކީ ދުރުމީހެކެވެ.

“އީތަން ކޮންވެސް ކަމަކާ ވަރަށް ފިކުރުބޮޑުވެފައި ހުންނަހެން މަށަށް ހީވޭ. އޭނާގެ ލައިފްގެ މާބޮޑު ކަންތައްތަކެއް އަހަންނަކަށް ނޭނގޭ. އެކަމަކު އޭނާއަކީ ރަނގަޅު ޒުވާނެއް. އަހަރެން އޭނާ ގެންގުޅެނީ ކޮއްކޮއެއްގެ ގޮތުގައި ދެކިގެން… އެހެންނަމަވެސް އޭނާގެ އަމިއްލަ ކަންކަން އެއްގޮތަކަށް ވެސް މަޝްވަރާއެއްނުކުރާނެ. ވަރަށް ފަހުން ޗުއްޓީގައި ހުރެފައި އޮފީހަށް އެ ނުކުތީ އެކަމަކު އަދިވެސް ހިޔެއްނުވޭ އޭނާގެ ލައިފް މުޅިއަކުން ރަނގަޅުހެން. އައިނީ ތީ އޭނާގެ ސިސްޓަރ. ސޯ ޓެލްމީ… އީތަން އަހަންނާއެކު އަހަރެންގެ އޮފީހުގައި މަސައްކަތް ކުރަން ފޫހިވަނީތަ؟ ނޫނީ އޭނާ ހިތްހަމަނުޖެހޭ ކަމެއް އަހަރެންގެ އޮފީހުގައި ހިނގަނީތަ؟”

“އެކަހަލަ އެއްވެސް ކަމެއްނުވޭ. އަހަންނަށް ހީވަނީ އީތަންއަށް އޭނާގެ ލައިފް ހަމައަކަށް އެޅުވުމަށް ދުވަސްކޮޅެއް ބޭނުންވާނޭހެން”

“އެހެންވީމަ އައިނީ ވެސް ތިބުނަނީ އޭނާއަށް ކަމެއް ދިމާވެގެންނޭ އުޅެނީ”

“ނޫން!… އީތަންގެ ވާހަކަދައްކަންތަ ނުފައިލު އަހަރެން ގޮވައިގެން މިތަނަށް އައީ” އައިނީ ބޭނުންވީ ވާހަކައިގެ މިސްރާބު އަނބުރާލާށެވެ. އަދި ނުފައިލުގެ ސަމާލުކަން ވެސް ހޯދާށެވެ.

“އަރ ޔޫ މެރީޑް” ޖެހިލުމެއްނެތި އައިނީ އަހާލިއެވެ.

“މީހެއްގެ ފިރިއެއްހެން ހީވަނީތަ؟” ނުފައިލުގެ ގާތަށް ހިނިއައެވެ. އަދި ހަމައެއާއެކު އައިނީގެ ހުރި ޖެހިލުންކުޑަކަން އޭނާއަށް ކަމުދިޔައެވެ.

އައިނީ ބޭނުންވި ގޮތަށް ނުފައިލުގެ ވާހަކަތައް ދީލައިލިއެވެ. އެ ދެމެދުގައި އަމިއްލަ ވާހަކަތައް ދެކެވުނެވެ. ދެ މީހުންގެ ޚިޔާލުގައި އެއްގޮތްކަމެއް ހުރިކަން ފާހަގަކުރެވުނެވެ. އެހާ ފަސޭހައިން އެ ދެމެދުގައި އެކުވެރިކަމެއް އުފެދިދާނޭކަމަށް ހީވެފައި ނެތަސް އައިނީ އާއި ނުފައިލަށް އެކަކު އަނެކަކު ކަމުދިޔައެވެ. އެހެންނަމަވެސް ފުރަތަމަ ބައްދަލުވުމުން ހިތްހުޅުވާލުމުގެ ބަދަލުގައި ދެމީހުން ވެސް އެކަކު އަނެކަކުގެ ކަންކަން ދެނެގަންނަން މަސައްކަތްކުރިއެވެ.

ނުފައިލުގެ ކާރު އައިސް އޯކިޑުވިލާގޭގެ ދޮރުމައްޗަށް މަޑުކޮށްލިއެވެ. އެ ކާރުން އައިނީ ފައިބައިގެން އައިސް ދޮރޯށި ހުޅުވާލީ އެތެރެއަށް ވަނުމަށެވެ.

“އެންމެ ރަނގަޅުތަ އަހަރެން ގުޅާލިޔަސް” ނުފައިލުގެ އަޑާއެކު އައިނީ އެނބުރި ބަލާލިއެވެ. އަދި ހިނިތުންވުމަކާއެކު ނުފައިލަށް ބަލަން ހުރެފައި ބޯޖަހާލިއެވެ.

“އީތަން ކައިރީ ބުނެލާތި ރިކަވަރ ވީހާ އަވަހަކަށް އަހަންނަށް ގުޅާލައްޗޭ. މާ ހާލު ބޮޑިއްޔާ ގޮވާލަން އަންނަން ވާނެއެއްނު”

“އީތަންއަށް ގޮވާލަން ނަޔަސް މިގެއަށް އަންނަ ހިތްވަންޏާ އަހަރެން ވެސް ދައުވަތު ދީފާނަމޭ” ހީނލާފައި އައިނީ ބުނެލިއެވެ.

“އީތަންގެ ޚިޔާލެއް ނޭނގި އަހަންނަށް ވަރަށް އުނދަގޫވާނެ ތިގެއަށް ވަންނަން” ނުފައިލުގެ ވާހަކަތަކުގައި ފޮރުވިފައިވަނީ ކީކޭކަން އައިނީ ދެނެގަތެވެ. އޭނާ ހިނިތުންވުމެއް ނުފައިލާ ބަދަލުކޮށްލާފައި ގޭތެރެއަށް ވަނެވެ.

ސިޓިންރޫމުގައި ރާބިއާ އާއި ހަމްރާ ތިއްބެވެ. އައިނީ އައިސް ވަނުމާއެކު ހަމްރާ ސުވާލުކޮށްލީ ދޮރުމަތީ ހުރީ ކޮންކުއްޖެއްތޯއެވެ. އައިނީ ރަކި ގޮތަކަށް ހީނލާފައި އެއީ އީތަންގެ އޮފީސް ބޮޑުމީހާއޭ ބުނެލިއެވެ. އަދި ދެވަނަ ސުވާލެއް ކުރިމަތި ނުވަނީ ހަލުވިކޮށް އެތެރެއަށް ހިނގައްޖެއެވެ.

ހެދުން ބަދަލުކޮށްލައިގެން ކޮޓަރިން ނުކުން ގޮތަށް އައިނީ އައިސް ވަނީ އީތަންގެ ކޮޓަރިއަށެވެ. އޭރު އެނދުގެ ހުރަހަށް އޮށޯވެލައިގެން ފައިކޮޅު އެނދުން ބޭރަށް އެލުވާލައިގެން އީތަން އޮތެވެ. އޭނާގެ ގާތުގައި އައިނީ އައިސް އޮށޯވެލިއެވެ.

“ހައު ޔޫ ފީލިންގ…” އައިނީ އަހާލިއެވެ.

“ބައްޕަ އަޅުގަނޑުދެކެ ލޯބިވާކަން އެނގޭތަ” އައިނީއަށް ބަލާލުމެއްނެތި އީތަން ސުވާލުކޮށްލިއެވެ.

“އޮފްކޯސް… ހީ ކެއަރޒް އަ ލޮޓް. އައިންތަ އާއި ދޮންބެ ކޮންމެ ކަމެއް ކުރިޔަސް ބައްޕައަށް ފެނިއެއްނުލައްވާނެ. އެކަމަކު ކޮއްކޮ ނުބައިގޮތަކަށް އެނބުރިލިޔަސް ކަންތަކެއް ހުންނާނެ”

“ދެން ކީއްވެތަ އަޅުގަނޑަށް އެކަން ނޭނގުނީ”

“ކޮންއިރަކުތަ ކޮއްކޮ ޢާއިލާ ތެރޭގައި ހިނގާ ކަންކަމާ ވިސްނަންފެށީ”

“ތި ވެސް ތެދެއް. އަސްލު ވެސް އައި ޑިޑް އަ ބިގް މިސްޓޭކް”

“އެ ގާލް ކޮބާތަ؟” އުޅުންބޮށީގެ އެހީގައި ބަންޑުން އޮތް އައިނީ ތެދުވެލަމުން އަހާލިއެވެ.

“ރީންތަ؟”

“އާން! އެ އަންހެންކުއްޖެއްދެކެ އީތަން ހެޑް އޯވަރ ހީލްސް ވެގެން އުޅޭ ކުއްޖަކީ އެއީއެއްނު. އެނގޭ ފޮޓޯ ވެސް ގެންގުޅޭނެކަން. ދައްކަބާ އައިންތަ ބަލާލަން، ޔަޤީން ވަރަށް ރީތި ކުއްޖަކަށް އެ ކުއްޖާވާނީ” އައިނީގެ ވާހަކައިން އީތަންގެ ތުންފަތަށް ހިނިތުންވުން ވެރިވެގެން ދިޔައެވެ.

“ޔެސް. ޝީޒް ޑިފަރެންޓް… އެންމެނާ ތަފާތު… ތަފާތު ރީތިކަމެއް… އެކަމަކު މިހާރު އެ ރީތިކަން ގެއްލިއްޖެ. މުޅިން އެހެން މީހެއް ކަހަލަ…” އީތަން އޭނާގެ ފޯނު ނަގާ ޒޫރިންއާ ދެމީހުން އެކުގައި ނަގާފައިވާ ފޮޓޯ އައިނީއަށް ދައްކާލިއެވެ.

“ވާއު! އަސްލު ވެސް ވަރަށް ރީތި… އީތަންއާ ވަރަށް ގުޅޭ… އީތަން ތީ ހަމަ މޮޔައެއް. ލޯބިވާ މީހުން ދޫކޮށްލާކަށް ނުވާނެ. ދެން ބުނެބަލަ، ރީން އަދިވެސް ލޯބިވޭތަ؟ ކޮބާ ބޭބީ”

“ރީން ލޯބިވޭ… އެކަމަކު މިހާރު އޭނާ ހުރީ ވަރަށް ހާޓްވެފައިކަން އަހަންނަށް އެނގޭ… މިއޮތީ ބޭބީގެ ފޮޓޮއެއް. މީ ރީން ފޮނުވި ފޮޓޮއެއް. ކިހާ ލޯބިކޮށް އެއޮތީ ނިދާލާފައި. އުރާލަން ވަރަށް ބޭނުން” އައިނީގެ އަތުގައި އޮތް ފޯނުން ދަރިފުޅުގެ ފޮޓޯ އީތަން ދައްކާލިއެވެ.

“ލޯބިލޯބި ފުށްގަނޑެއް… އައިންތަ ވެސް ބޭނުން މޮޑެލަން…”

ކޮޓަރީގެ ދޮރުކައިރީ ހުރި ހަމްރާގެ ނަޒަރު އެނދުގައި ތިބި އީތަން އާއި އައިނީއަށް ހުއްޓިފައި ހުރިކަމެއް އެމީހުންނަކަށް ނޭނގެއެވެ. ފަނޑު ހިނިތުންވުމެއް ހަމްރާގެ ތުންފަތުގައި ވިއެވެ. އޭނާގެ ކޮނޑުގައި މީހަކު އަތްލުމުން އެނބުރި ބަލާލިއިރު ދާދި ގާތުގައި ހުރީ ސުފިޔާނެވެ.

“އަހަރެންގެ މާމަ ދަރިފުޅު ދުށުމަށް ބޭނުން…” ސުފިޔާނުގެ މޭގައި އަތްތިލަ ޖައްސާލުމާއެކު ހަމްރާ ބުނެލިއެވެ.

“އީތަން އެ ދަރިފުޅު ބޭނުންކަން އަހަންނަށް ވެސް އެނގޭ. އެކަމަކު ހަމްރާ. އެމީހުން އަހަރެންގެ ދަރިފުޅަށް މާފު ދޭނެތަ؟” މޭގައިވި ހަމްރާގެ އަތްތިލާގައި ހިފާ ބާރުކޮށްލަމުން ސުފިޔާނު ބުނެލިއެވެ.

“ކީއްވެ ނުދޭންވީ. ދަރިފުޅުގެ ބައްޕައެއްނު އީތަންއަކީ… ސުފިޔާނު މަޑުކުރިޔަސް އަހަންނާއި މަންމަ ނިންމައިފިން އެގެއަށް ދާން. ރީން އާއި އޭނާގެ ޢާއިލާ މީހުންނާ އަހަރުމެން ވާހަކަދައްކަ ފާނަން”

“ހަމްރާ. އަހަރެންގެ ދަރިފުޅުގެ އުފަލައްޓަކައި އަހަރެން އެއްވެސް ކަމެއް ނުކޮށް ދެއަތް އުރާލައިގެން ހުރެދާނެއޭ ހީވަނީތަ؟ އަހަރެން މީ އީތަންގެ ބައްޕަ. އެ ޢާއިލާއަށް އީތަންގެ މައްޗަށް އިތުބާރުދޭނީ އަހަރެން. އަހަރެން ވެސް ދާނަން ހަމްރާ އާއި މަންމައާއެކު. އެއީ ކޮންގެއެއްކަން އީތަންގެ ގާތުން އޮޅުން ފިލުވައި” ސުފިޔާނުގެ ވާހަކައިން ހަމްރާ ނިކަން އުފާވިއެވެ. އޭނާ އަވަސްވެގަތީ އެ ޚަބަރު ރާބިއާއަށް ދިނުމަށެވެ.

އިޝާ ނަމާދުކޮށްގެން ސުފިޔާނާއެކު އީތަން ވެސް އައީ ގެއަށެވެ. އައި މަގުމަތީ ސުފިޔާނު ނިންމާފައި އޮތް ގޮތް އީތަންއަށް ހާމަކުރިއެވެ. އީތަންގެ އުންމީދު އާވިއެވެ. ޒޫރިން އޭނާގެ ވާހަކަ ޤަބޫލުނުކުރިޔަސް އޭނާގެ ޢާއިލާ މީހުންގެ ވާހަކަ ޤަބޫލުކޮށްފާނޭކަމުގައި ހީކުރިއެވެ.

ހެނދުނުގެ ސައިތައްޔާރު ވަމުން ދިޔައިރު ބަދިގެ ފަރާތުގައި ހަމްރާ އާއި ރާބިއާ އުޅެއެވެ. ކައްކާ ހެދުމަށް ގެއަށް ގެނެސްފައި ހުރި ނޯކަރުކުއްޖާއަށް ދޭތެރެއަކުން އެމީހުންގެ ނަޒަރު ހުއްޓެއެވެ. ކިތަންމެ ވަރަކަށް ބުނިކަމުގައި ވިޔަސް އަދިވެސް ނޯކަރުކުއްޖާގެ ގައިގާ ފަރުވާކުޑަކޮށްލުމުގެ ގޮތް ހުންނާތީއެވެ. ހަމްރާ ކައިރީގައި ހުރެގެން ނުބަލާނަމަ ކާމޭޒުގައި ތަށިތައް އަތުރާނީ ވެސް ނުދޮވެއެވެ.

“އެކުއްޖަކު ހަމްރާ ދުށީމުތަ؟” ކާމޭޒުމަތީގައި ހަމްރާ އަތުރާލި މެޓުތައް ރަނގަޅުކުރަމުން ރާބިއާ އަހާލިއެވެ.

“ނޫން. އަޅުގަނޑަށް ވެސް އެނގެނީ އީތަންގެ ފޯނުގައި އެކުއްޖާގެ ފޮޓޯ އެބަހުރިކަން. އައިނީއާ ދެބެން ނިކަން ވާހަކަދައްކާލާފައި ތިބި. އެ ކުއްޖާ ވަރަށް ރީއްޗޭ އައިނީ ބުނި އަޑު ވެސް އެހިން”

“މަންމަ ވެސް ބޭނުން އެގެއަށް ދިއުމުގެ ކުރިން އެއީ ކޮންކުއްޖެއްކަން އެނގެން”

“އަޅުގަނޑު ވެސް ވަރަށް ބަލާލާހިތްވޭ. މަންމަ އެދެފިއްޔާ އެ ފޮޓޯތައް ނުދައްކައެއް ނުކެރޭނެ އީތަންއަކަށް. އޭރުން އަޅުގަނޑަށް ވެސް ފެންނާނެއެއްނު. ހަމަ ޔަޤީނުން ވެސް އަންހެންކުއްޖަކާ ހެދި އީތަން އެހާ ވަރަކުން މީގެކުރިއަކުން ނޫޅޭ. ޖަޒްލާއާއެކުގައި އެހާ ދުވަހު އުޅުނުއިރު ވެސް މިހިރީ ފެނުނު ކަންކަމެއްނޫންވިއްޔާ”

“ހިތަށްއަރާ ރީތިގޮތުގައި މިކައިވެންޏަށް އެދެން ދެވޭނެނަމައޭ. އެކަމަކު ކީއްކުރާނީ… މިހާރު ދާން މިޖެހެނީ ހީވެސް ނުކުރުވާވަރުގެ ލަދުވެތިކަމާއެކު. މިދުވަސް ދުށުމަށް ސުފިޔާނުގެ ބައްޕަ ނެތްކަން އެއީ ނަސީބެއް. އެހެންނޫނީ މިއަށްވުރެ ގޭތެރޭގައި ކަންތައްތައް ހޫނުވީސް. އިރާދަކުރެއްވިއްޔާ ސުފިޔާނު ވެސް މިހާރު އެ ހުރީ ހަމައަކަށް އެޅިފައި”

“އާން މަންމާ! އަޅުގަނޑު ވެސް ވަރަށް ކަންތައްބޮޑުވި ސުފިޔާނު ރުޅި އައިވަރު ފެނިފައި… އަންނާނަން ސައިބޯން އަންނަން ބުނެފައި. މޭޒު މަތި ވެސް ތައްޔާރުވެ ނިމުނީނު” ވާހަކައިގެ ހުރި ހެނދުނުގެ ނާސްތާއަށް ސުފުރާމަތި ތައްޔާރުކޮށް ނިމުމުން ހަމްރާ އެނބުރި ރާބިއާއަށް ބަލާލާފައި ބުނެލިއެވެ. އަދި ބަދިގެ ފަރާތުން ނުކުމުގެން ދިޔައީ ސިޓިންރޫމުގައި ސުފިޔާނު އިންނާނޭކަން އެނގިގެނެވެ.

އީތަން އާއި ސުފިޔާނު ދައްކަމުން ދިޔައީ ވަރަށް ސީރިއަސް ވާހަކައެއްކަން ސިޓިންރޫމަށް ނުކުން ހަމްރާއަށް އެ ދެބަފައިން އެކަކު އަނެކަކަށް ބަލަން ތިބި ގޮތުން އެނގުނެވެ. އެހެންނަމަވެސް ދައްކަމުން ދިޔަ ވާހަކައެއް ހަމްރާއަށް ސާފެއްނުވިއެވެ. އޭނާ އައުމާއެކު ސުފިޔާނު އަހާލީ ސައިބޯން ދާންވީތޯއެވެ. ހަމްރާ ބޯޖަހާލުމުން އީތަންގެ ކޮނޑުގައި ޖަހާލާފައި ސުފިޔާނު ތެދުވިއެވެ.

ޢާއިލާގެ ހުރިހާ މެންބަރުން ހެނދުނުގެ ނާސްތާއަށްފަހު ވަޒީފާއަށް ދާ މެންބަރުން އެމީހުންގެ މަސައްކަތަށް ގެއިން ނުކުތެވެ. އީތަން އާއި ރާބިއާ އާއި ހަމްރާ ގޭގައި އެކަނިވީއެވެ. ރަނގަޅަށް ނުނިދުމުގެ ސަބަބުން އީތަންއަށް ވަރުބަލިކަން ލިބިފައިވެއެވެ. އެހެންނަމަވެސް އޭނާގެ ހިތަށް ވެރިވެފައިވާ ނުތަނަވަސްކަމެއްގެ ސަބަބުން ނިދަން އުޅުނެއްކަމަކު ނިދޭ ގޮތެއް ނުވެއެވެ. ފާޑަކަށް ހިތްބިރުގެންފައިވަނީ ޒޫރިން ދޭނޭ ޖަވާބެއް ނޭނގޭތީއެވެ. އެނދުގައި އުއްޑުން އޮށޯވެލާ އެއްއަތް ބޯދަށް ލައްވާލައިގެން އަނެއްއަތުން ފޯނު ހިފައިގެން އީތަން އޮތެވެ. ޒޫރިންއަށް މެސެޖެއް ފޮނުވާލަން އޭނާގެ ހިތަށް އަރައެވެ. އެހެންނަމަވެސް ޒޫރިންގެ ފަރާތުން ޖަވާބެއް ނައުމުން އޭނާ މާބޮޑަށް ހިތްދަތިވެއެވެ. ފޯނަށް ބަލަހައްޓައިގެން އެފަދަ ޚިޔާލުތަކެއްގައި އޮއްވާ ކޮޓަރީގެ ދޮރުގައި ޓަކި ޖަހާލީ ރާބިއާއެވެ. ދޮރުހުޅުވާލާފައި އެތެރެއަށް ވަދެގެން ރާބިއާ އަންނަން ފެށުމުން އީތަން ތެދުވެ އިށީނެވެ. ރާބިއާ އައިސް އީތަންގެ ގާތުގައި އެނދުގައި އިށީނދެ އޭނާއާ ވާހަކަދައްކަން ފެށިއެވެ. އެކި ދިމާއަށް ކޮޅު އެއްލަމުން ރާބިއާގެ ވާހަކަ ކުރިއަށް ގެންދަމުން ދިޔައިރު އޭނާގެ މަގުކޮށަމުން ދިޔައީ އީތަންގެ އަތުގައިވާ ޒޫރިންގެ ފޮޓޯ ދުށުމަށެވެ. އެންމެފަހުން ރާބިއާއަށް އޭނާގެ މަޤުޞަދު ކާމިޔާބުވެއްޖެއެވެ. އީތަންގެ ފޯނުގައިވާ ޒޫރިން އާއި ދަރިފުޅުގެ ހަމައެކަނި ފޮޓޯ ރާބިއާއަށް ދައްކާލިއެވެ. ނަމަވެސް ރާބިއާއަށް އީތަން ހަނދާންކޮށްދިނީ ފޮޓޯގައި ފެންނަ ޒޫރިންނާއި މިހާރު ޒޫރިން ހުރި ގޮތް ވަރަށް ވެސް ތަފާތު ކަމުގައެވެ. އެކަމަށް ރާބިއާގެ މާބޮޑު ސަމާލުކަމެއް ނުދެވުނެވެ. އޭނާގެ ޚިޔާލާތުގައި އީތަން އާއި ޒޫރިން އެކުގައިވި އެ ފޮޓޯގަނޑު ކުރެހި ނިމިއްޖެއެވެ. އެ ދެ ޒުވާނުން ނުހަނު ގުޅެއެވެ. ފޮޓޯގަނޑުން އެކަނި ވެސް ޒޫރިންގެ ދެ ލޮލުން ލޯބި ފާޅުވޭވޭ ހުރިކަން ރާބިއާއަށް ފާހަގަވިއެވެ. އީތަން އާއި ޒޫރިންގެ ދެމެދުގައި އެ ފަދަ ގުޅުމެއް ހިނގައި ދިޔައީ ކީއްވެކަން މިހާރު ރާބިއާއަށް ވެސް ވިސްނިއްޖެއެވެ. އެ ދެމެދުގައިވާ ދަމާބާރަކީ ދެ ޒުވާނުންނަށް ވެސް މަގު އޮޅެން މެދުވެރިވި އެއްސަބަބެވެ.

“ހަވީރު އެގެއަށް ދާނަން. އީތަން ވެސް ދާންވާނެ. އޭރުން ރަނގަޅުވާނީ…”

“އަޅުގަނޑަށް އެގެއަށް ވަނުމުގެ ހުއްދައެއްނެތް” ރާބިއާ އަނބުރާ ފޯނު ދިނުމުން އޭގެ އިސްކުރީނަށް ބަލަހައްޓައިގެން އިނދެ އީތަން ބުންޏެވެ. ހަމަ އެވަގުތު ހަމްރާ އެ ކޮޓަރިއަށް ވަދެގެން އައެވެ. އެހިނދު ރާބިއާ ކުއްލިއަކަށް އީތަންގެ އަތުން ފޯނު އަތުލުމާއެކު ހަމްރާއަށް ދިއްކޮށްލިއެވެ.

“އަހަރުމެންގެ ޅީދަރިފުޅު ނިކަން ބަލާލަބަލަ…” ހިނިތުންވެލި ރާބިއާ ބުނެލިއެވެ. އެއާއެކު އަވަސްއަވަހަށް ހަމްރާ އައިސް ފޯނުގައި ހިފައިފިއެވެ. އޭރު އީތަން އިނީ އޭނާގެ މާމައަށް ނަޒަރު ހުއްޓާލައިގެންނެވެ.

“މާމާއަށް ރީން ކަމުދޭތަ؟”

“ވަރަށް ކަމުދޭ. ދަރިފުޅާ ވަރަށް ގުޅޭ…”

“އަޅުގަނޑު ވަރަށް ލޯބިވޭ ރީންދެކެ. މާމައަށް ހީވޭތަ ރީން އަޅުގަނޑާ ކައިވެނި ކުރާނޭހެން”

“ދަރިފުޅާ ވަކިން އުޅެން ރީން ނިންމައިފިނަމަ އެއީ ރީން ކުރާ މޮޔަކަމެއް. ހަމަގައިމު ވެސް ތި ފޮޓޯއިން އެކަނި ވެސް މާމައަށް އެނގޭ ރީންއަށް ދަރިފުޅު ކަމުދަނީ ކިހާ ވަރަކަށްކަން”

“އޯ މާމާ… ކީއްވެތަ ކުރިން އަޅުގަނޑަށް ނުވިސްނުނީ” އީތަން ކުއްލިއަކަށް ރާބިއާގެ އަތުގައި ހިފާލަމުން ކޮނޑުގައި ބޯއަޅާލިއެވެ.

“ތިކަމުގައި މާމަ ކީކޭ ބުނާނީ. މިއީ މިކަން ވާން އޮތް ގޮތްކަމަށް ވެސް ވެދާނެ” އީތަންގެ އަތްތިލައިގައި ރާބިއާ ފިރުމާލިއެވެ.

މެންދުރު ފަސްވެފައި ހުއްޓާ އީތަން ހޯދަން ޝައުން އެގެއަށް އައެވެ. ދެމީހުން އެކުގައި އީތަންގެ ކޮޓަރީގައި ތިބިއިރު ޝައުން ސުވާލު ކުރަމުން ދިޔައީ ގޭތެރޭގެ ހާލަތާ ބެހޭ ގޮތުންނެވެ. އީތަން އެންމެފަހުގެ ޚަބަރުތައް ޝައުންއަށް އޮޅުން ފިލުވައިދިނެވެ. އަދި ހަވީރު ސުފިޔާނު ގެއަށް އަންނަން ވާއިރަށް ޝައުން އެގެއިން ދިއުމަށް ވެސް އޭނާ އެދުނެވެ. އިހަށް ކަންތައްތައް ހަމައަކަށް އެޅެންދެން ޝައުންއާއެކު ބޭރަށް ނުކުމެ ހެދުން މަދުކޮށްލަން އީތަން ބޭނުންވާކަން ވެސް އޭނާ ހާމަކުރިއެވެ. އީތަން ބޭނުންވަނީ ޢާއިލާއާއެކު ވަގުތުކޮޅެއް ހޭދަކުރާށެވެ. މިއަދު އޭނާއަށް އެންމެ ބޮޑު އެހީއެއް ވާންތިބި ބަޔަކީ ވެސް އެއީއެވެ. އެކަމާ ޝައުން ވެސް ދެކޮޅެއް ނުހަދައެވެ. އޭނާގެ ފަރާތުން ތަހުސީނު ގެއަށް ނާންނަކަން އެނގުނެވެ. އެހެންވެ ތަހުސީނުގެ މޫޑު ހުރި ގޮތެއް ވެސް ނޭނގޭކަން ޝައުން ހާމަކުރިއެވެ.

“އައި އެމް ސޮރީ ބްރަދަރ… އިރާދަކުރެއްވިއްޔާ ހުރިހާ ކަމެއް ވެސް ދެންދާނީ ރަނގަޅަށް” ޝައުން ގެއިން ނުކުމެގެން ދަމުން ދޮރޯށި ދޮށުގައި ހުރެފައި އީތަންގެ ކޮނޑުގައި ޖަހާލިއެވެ. އޭނާ މަޑުމަޑުން ބޯޖަހާލުމުން ޝައުން ހިނގައިގަތީ އޭނާގެ ކާރާ ދިމާއަށެވެ.

ފަޓުލޫނުގެ ދެ ޖީބަށް އަތްކޮށްޕާލައިގެން ދޮރޯށި ކުރިމަތީ މަޑުކޮށްލައިގެން ހުރި އީތަން ހަށިފުރާ ނޭވާއެއްލިއެވެ. އަދި މަގުމަތީގެ ކަންތައްތަކަށް ނަޒަރު ހިންގަމުން ދަނިކޮށް އެގޭ މަގަށް ދުރުން އެޅި ނުފައިލުގެ ކާރު އީތަންގެ ލޮލުގައި އަޅައިގަތެވެ. އެއާއެކު އީތަން އަވަހަށް ދޯރޯށިން އެތެރެއަށް ދެމިގަތެވެ. އަދި ކުޑަކޮށް ދޮރޯށި ހުޅުވާލައިގެން މަގުމައްޗަށް ބަލަން ހުރީ ނުފައިލު އެ އަންނަނީ އެގެއަށް އޭނާ ހޯދަންކަން ޔަޤީންކުރުމަށެވެ. އެހެން ހުއްޓާ ކަންތައްވީ ވެސް އީތަން ހީކުރި ގޮތަށެވެ. ނުފައިލުގެ ކާރު އައިސް މަޑުކޮށްލީ އީތަންމެންގެ ގޭގެ ދޮރުމައްޗަށެވެ. އެތެރެއަށް ވަނުމަށް ހިނގައިގަތް ވަގުތު އީތަންގެ ކަންފަތުގައި ޖެހުނީ އޭނާގެ ދައްތަ އައިނީގެ އަޑެވެ. ދެން އިވުނީ އައިނީ ބުނި އެއްޗަކަށް ރައްދުދިން ނުފައިލުގެ އަޑެވެ. ހައިރާންކަން ވެރިވެ ދެ ލޯ ބޮޑުކޮށްލައިގެން ހުރެ އަވަސްއަވަހަށް އައިސް ސިޓިންރޫމަށް ނުފައިލު ވަނެވެ. އޭނާއަށް ސިޓިންރޫމަށް ވަދެވުނީ ކިރިޔާއެވެ. ދޮރޯށި ހުޅުވާލާފައި ވަދެގެން އައީ އައިނީއެވެ.

“އިޒް ހީ ޔޯ ފްރެންޑް” ސޯފާގައި އިށީންނަމުން އީތަން އަހާލިއެވެ. އެއާއެކު އައިނީގެ މޫނުމަތިން ކޮންމެވެސް ވަރެއްގެ ހާސްކަން ފާޅުވިއެވެ.

“ކާކު؟…” ނޭނގޭ ކަމަށް ހަދާފައި އެތެރެއަށް ވަދެގެން ދާން އައިނީ އުޅުނެވެ.

“ނުފައިލު… ދޮންތަ ތިއައީ ނުފައިލުގެ ކާރުގައެއްނު. ކޮންއިރަކު އޭނާ ދޮންތައަށް ލިފްޓު ދޭން ފެށީ”

“މިހިރީ ވަރަށް ބަނޑުހައިވެފައި. ތިވާހަކަދައްކާނީ ފަހުން…” ނިކަން ހަލުވިކޮށް އައިނީ ގޮސް އީތަންގެ ލޯމަތިން ގެއްލުނެވެ.

“ކޮބާ؟ ދާން ތައްޔާރުވާންވީނު. ސުފިޔާނު ވެސް އެއަންނީ ގެއަށް” ރާބިއާ ބުނެލިއެވެ. އެއާއެކު އީތަންގެ ސިކުނޑީގައި ހިނގާ ހުރިހާ ކަމެއް އޭނާ ހަނދާންނެތުނު ކަހަލައެވެ. ކުއްލިއަކަށް އީތަންގެ ހިތުގެ ހިނގުން އަވަސްވިއެވެ. ޖަޒުބާތުތައް އޭނާ ވަށާލި ކަހަލައެވެ. އިރުކޮޅަކު ހުއްޓުން އަރާފައި ހުރެވުނީ އެހެންވެއެވެ. ރާބިއާ އައިސް އީތަންގެ ކޮނޑުގައި ފިރުމާލުމުން ހަމަހޭވެރިކަން ލިބިގެން ދިޔަ ކަހަލައެވެ. ރާބިއާއަށް ބަލާލުމާއެކު ލުއި ހިނިތުންވުމެއް ބަދަލުކޮށްލާފައި އީތަން ހިނގައިގަތީ އޭނާގެ ކޮޓަރިއާ ދިމާއަށެވެ.

ގިނައިރެއްނުވެ ސުފިޔާނު އައިސް ގެއަށް ވަދެއްޖެއެވެ. އަދި އަތްމަތި އަވަސްކޮށްލާފައި އޭނާ ވެސް ތަޒާ ވެލައިގެން ހެދުން ބަދަލުކޮށްލައިގެން ސިޓިންރޫމަށް ނުކުތެވެ. އޭރު ހަމްރާ އާއި ރާބިއާގެ އިތުރުން އީތަން ސޯފާގައި ތިއްބެވެ. ސުފިޔާނު ފެނުމާއެކު އެންމެން ތެދުވިއެވެ. ދަރިފުޅުގެ ބުރަކަށީގައި ޖަހާލަމުން ކުރިއަށް ދާން އިޝާރާތްކޮށްލިއެވެ. އެންމެން އެކުގައި ގެއިން ނުކުގެން ހިނގައިގަތެވެ.

ދޮރޯށި ހުޅުވާލުމާއެކު ތަހުސީނަށް ލިބުނީ ވަރަށް ބޮޑު ހައިރާންކަމެކެވެ. އުމުރުން ދުވަސްވެފައި ހުރި އަންހެނަކާއި ހައިބަތުން ބޮޑު ފިރިހެނަކާއި އޭނާގެ ދާދި ގާތުގައި ހުރި އަންހެންމީހާއަކީ ކޮންބައެއްކަން ތަހުސީނަށް ނަގައިގަނެވުނީ ސުފިޔާނުގެ ވައަތްފަރާތުގައި ފަހަތުން އީތަން ފެންނަން ހުރުމުންނެވެ. ތަހުސީނަށް ބުނާނޭ އެއްޗެއް ނޭނގި މަޑުކޮށްލެވުނެވެ. އެހިނދު ސުފިޔާނު ކުރިއަށް ޖެހިލާ ސަލާމްގޮވާލަމުން ސަލާމަށް އަތްދިއްކޮށްލިއެވެ.

“އަޅުގަނޑަށް ކިޔަނީ ސުފިޔާނު. އަޅުގަނޑަކީ އީތަންގެ ބައްޕަގެ. މީ އީތަންގެ މަންމަ، ހަމްރާ އަދި މާމަ ރާބިއާ. އަޅުގަނޑުމެން މިއައީ ވަރަށް ބޮޑު ވާހަކައެއް ދައްކާލަން ބޭނުންވެގެން” ތަހުސީނު ސަލާމް ބަލައިގަތުމާއެކު ސަލާމްކޮށްލުމުން ސުފިޔާނު އަވަހަށް ބުނެލިއެވެ.

“އެތެރެއަށް ދުރުވޭ…” ހައިރާންކަމާއި ނުތަނަވަސްކަން ވެރިވެފައި ހުރި ތަހުސީނު ބުނެލިއެވެ.

ސިޓިންރޫމުގައި ހުރި ސޯފާގޮނޑިތަކުގައި އީތަންގެ ޢާއިލާމެންބަރުން އިށީނެވެ. އޭނާ ވެސް އެތަނުގައި އެމީހުންނާއެކު އިނެވެ. މަޑުކޮށްލުމަށް ބުނެފައި ތަހުސީނު ސިޑިން އަރައިގެން ދިޔައީއެވެ. އޭގެ އިރުކޮޅެއް ފަހުން ތަހުސީނު އެނބުރި އައީ ރޭޝްމާ ގޮވައިގެންނެވެ. ސިޑީގެ އެންމެފަހު ހަރުފަތުގައި އެއްފައި އަޅާލި ގޮތަށް ރޭޝްމާއަށް ހުއްޓުން އަރާފައި ހުރެވުނީއެވެ. ހަމަ އެވަގުތު ރޭޝްމާ ފެނިފައި ހަމްރާއަށް ވެސް ކޮޅަށް ތެދުވެވިއްޖެއެވެ. ހީވީ އެކަކު އަނެކަކީ ދަންނަ ދެމީހުން ހެންނެވެ.

“ވަރަށް ބޮޑަށް މާފަށްއެދެން. އަޅުގަނޑަކީ އީތަންގެ މަންމަ… ކިހާ ބޮޑު އިއްތިފާގެއް މީ. އަޅުގަނޑު ހަނދާން އެބަހުރި ލަންކާއިން ބައްދަލުވި ހަނދާން. ފަހަރެއްގައި ވެސް މި ދުވަސް އައިސްދާނޭކަމަށް ހިޔެއްނުކުރަން. އަޅުގަނޑުމެން އައިސް މިތިބީ އީތަންއަށްޓަކައި…” ހަމްރާ އައިސް ރޭޝްމާގެ ކުރިމަތީ ހުއްޓެމުން ވާހަކަދެއްކިއެވެ.

“އަޅުގަނޑުމެން ދައްކަން މިއުޅޭ ވާހަކަ އަޑުއައްސަވާލެއްވިއްޔާ ވަރަށް ރަނގަޅު” ރާބިއާ ބުނެލިއެވެ.

ރޭޝްމާއަށް ތިރީ ތުންފަތުގައި މަޑުމަޑުން ދައިގަނެވުނެވެ. އޭނާއަކީ ހަނދާންބަލި އަންހެނެއްނޫނެވެ. ސުފިޔާނާއި އޭނާގެ އަންހެނުން ހަމްރާ ފެނިފައި އޭނާއަށް ހުއްޓުން އެރީ ވެސް އެހެންވެއެވެ. އެ ދެމަފިރިންނާ މީގެ ކުރިން ބައްދަލުވެފައި ވާތީއެވެ. އެކަމަކު އޭރު އެއީ އީތަންގެ މައިންބަފައިންކަމެއް ކުޑަކޮށް ވެސް ނޭނގެއެވެ. ދުނިޔޭގެ ކަންކަން ރޭވިފައިވާ ގޮތާއިމެދު ރޭޝްމާއަށް ވިސްނާލަން މަޖުބޫރުވިއެވެ. އޭނާ މަޑުމަޑުން ކުރިއަށް ޖެހިލާ ހަމްރާގެ ކޮނޑުގައި ފިރުމާލިއެވެ. އަދި ބޯޖަހާލަމުން ސޯފާގައި އިށީންނަން ދިއުމަށް އިޝާރާތްކުރިއެވެ. އެއާއެކު ދެ މީހުން އައިސް ސޯފާގައި އިށީނެވެ. އެތަނުގައި ތަހުސީނު ވެސް އިނެވެ.

ފުރަތަމަ ވާހަކަފެށީ ރާބިއާއެވެ. އެމީހުންގެ ދަރިއެއްގެ ފަރާތުން އެފަދަ ލަދުވެތިކަމަކާ ކުރިމަތިލާންޖެހުނީތީ ރާބިއާ މާފަށް އެދުނެވެ. އަދި އީތަންއަށް އޭނާއަށް ކުރެވުނު ކުށް އިހުސާސްވެއްޖެކަމުގައި ވެސް ބުންޏެވެ. މިހާރު އީތަން ބޭނުންވަނީ ޒޫރިންއާ ކައިވެނިކުރަން ރާބިއާ ހާމަކުރިއެވެ. އަދި އެ ޢާއިލާގެ ވެސް އެދުމަކީ އެއީކަމުގައި ބުންޏެވެ. އީތަންގެ ޢާއިލާއިން ޒޫރިން ބަލައިގަންނަން ތައްޔާރަށް ތިބިކަން ރާބިއާ ހާމަކުރިއެވެ. އެތައް ފަހަރަކު ރޭޝްމާމެންގެ ގާތުން މާފަށް އެދުނުވެ.

“ވީކަމެއް ވެގެންދިޔައީ އެ ދެކުދިންގެ ވެސް ރުހުމުގައި. ރީން ބަލިވެ އިންކަން އެނގުމާއެކު އަޅުގަނޑުމެންނަށް ރީންވަނީ ކިޔައިދީފައި އެއީ އީތަންގެ ދަރިއެއްކަން. އެކަމާ އީތަންއާ އަޅުގަނޑުމެން ވާހަކަދެއްކިން. އޭނާ ރީންއެއް ވެސް ދަރިފުޅެއް ވެސް ބޭނުމެއްނޫން. އެހެންނަމަ އެ ދުވަހު ރީން ދޫކޮށްލާފައި ނުދާނެ”

“ތީ ރީންގެ ބައްޕައަށް ވީތީ ވިސްނޭގޮތަށް ވެދާނެ. އެކަމަކު ނިކަން އެ ޒުވާނުންގެ އުމުރަށް ވިސްނާލާފައި ކަންތައް ހިނގައިދިޔަ ގޮތަށް އަދިވެސް ވިސްނާލުން މުހިންމު. ކޮންމެ މީހަކަށް ވެސް އެގޮތަށް ކަންތައްކުރެވިދާނެ… އެކަމަކު އެއީ ގަސްދުގައި ނިންމާ ނިންމުންތަކެއް ނޫންހެން ހީވަނީ. ހާލަތު އެގޮތަށް ނިޔާކުރުމުން ދެން ކުރާނޭކަމެއްނޯންނާނެ. އަޅުގަނޑުމެންނަށް ވެސް އެނގުންލެއް ލަސްވީ. އީތަންއަށް ކުރެވުނު ކަންތަކާ އޭނާ ހިތާމަކުރާވަރު އަޅުގަނޑުމެންނަށް ފެނޭ. އަދި ރީންގެ ފަރާތުން އޭނާއަށް ލިބުނީ ކޮންޖަވާބެއްކަން ވެސް އަޅުގަނޑުމެންނަށް އެނގޭ. ރީން އެހެންކަންތައް އެކުރީ އެކުއްޖާއަށް ލިބިފައިވާ ހިތްދަތިކަމެއްގެ ސަބަބުން…” ރާބިއާ ބުނަން އުޅެނީ ކީކޭކަން ތަހުސީނަށް ވިސްނުނެވެ.

“އީތަންއަށް ދެވަނަ ފުރުޞަތެއް ދިނުމަށް އަޅުގަނޑު އެދެނީ. އަޅުގަނޑުގެ ދަރިފުޅަށް ދެވަނަ ފުރުޞަތެއް ބޭނުންވޭ. އޭނާ ރީން އުފަލުގައި ގެންގުޅޭނޭކަމުގެ ޔަޤީންކަން އަޅުގަނޑު ދޭނަން. އަޅުގަނޑަކީ ދޮގު ހަދާ މީހުންނަށް އޮޅުވާލާ މީހެއްނޫން. އަޅުގަނޑުގެ ދަރިފުޅުގެ އިހުސާސްތައް އަޅުގަނޑަށް އެނގޭ. އޭނާ ސާބިތުކޮށްދޭނެ ރީންއަށް އޭނާއަށްވުރެ ރަނގަޅު ފިރިއަކު ނުލިބޭނެކަން” ސުފިޔާނުގެ އަޑުގައިވާ މޮޅިވެރިކަން ތަހުސީނާއި ރޭޝްމާއަށް ވެސް އިހުސާސްވިއެވެ.

“އަޅުގަނޑުމެންގެ އަތްމަތީގައި އޮތްކަމެއްނަމަ ރީންގެ ކައިވެނި ކުރެވުނީސް. ތި ޢާއިލާ ރީންއަށްޓަކައި އައީތީ މިއަދު އަޅުގަނޑުގެ ހިތަށް ފިނިކަން ލިބިއްޖެ. އެކަމަކު ގޮތް ނިންމާނީ ރީން. ފައިސަލާ އިއްވާނީ އޭނާ. ރީންއަކީ ކުރީގެ ރީންއެއްނޫން. ދަރިފުޅު ދިރިހުއްޓަސް މަރުވެފައިވާ ކަހަލަ. އެހާލުގައި ދަރިފުޅު އުޅޭތަން ދުށުމަށް ކެތްވާނީ ކޮންމަޔަކަށް…” ރޭޝްމާ މިހެން ބުނުމުން އޭނާގެ އަތުގައި ތަހުސީނު ހިފާލިއެވެ.

“އަޅުގަނޑުމެންނަށް ރީންއާ ބައްދަލުކޮށްލެވިދާނެތަ؟” ހަމްރާ އަހާލިއެވެ.

“ނޫން! ނޫން! މިހާރަކުނޫން… ދެ ދުވަސްވަންދެން ހުމާ އުޅެފައި މިހާރު ކިރިޔާ ރަނގަޅުވެލީ. އީތަން އައިސް އިންކަން އެނގިއްޖެނަމަ އޭނާގެ ޠަބީޢަތަށްވާނޭ ގޮތެއް ވެސް ނޭނގެ. ރީން އެ ހުރީ ވަރަށް ނާޒުކު ފައްތަރެއްގައި” ކުއްލިއަކަށް ރޭޝްމާ ކަންބޮޑުވިއެވެ.

“އަޅުގަނޑުމެން ރީންއާ ވާހަކަދައްކާނަން. އެހެން އިރަކުން ދުރުވަންވީނޫންތޯ ރީންއާ ބައްދަލުކޮށްލަން” ތަހުސީނު ހިނިތުންވެލަން މަސައްކަތްކުރަމުން ބުނެލިއެވެ.

ރާބިއާ އާއި ހަމްރާއާއެކު އީތަން އިސްޖަހާލައިގެން ހުރެ އެގެއިން ނުކުތެވެ. އެއާއެކު އެމީހުންނަށް ސުފިޔާނު އެންގީ އެނބުރި ގެއަށް ދާށެވެ. އަދި ތަހުސީނުގެ ގާތުގައި އެދުނީ މަގުމައްޗަށް އޭނާއާއެކު ނުކުމެލުމަށެވެ. ދެ މީހުންގެ މެދުގައި އަމިއްލަ ވާހަކައެއް ދައްކާލުމަށެވެ. ސުފިޔާނުގެ ހިތުގައި ހިފެހެއްޓިފައި ހުރި ހުރިހާ ޖަޒުބާތެއް އޭނާ ތަހުސީނުގެ ކުރިމަތީ ބޭރުކޮށްލިއެވެ. އޭނާއަށް އީތަންގެ އިހުސާސްތައް ދެނެގަތުމަށް ވަގުތު ނެގިކަމެވެ. އޭނާގެ ހަރުކަށިކަމަކީ ޒޫރިންގެ ވާހަކަ ޢާއިލާއާ ހަމައަށް ނުފޯރި ސަބަބުކަމެވެ. އީތަންއަށް ހަދާނޭ ގޮތެއް ނޭނގުނީ އެހެންވެކަމުގައެވެ. އަދި ދަރިފުޅުގެ ރުއިމާއި ހިތާމަތައް ދުށުމަކީ އެއްވެސް ބަޔަކު ބޭނުންވާނޭ ގޮތެއް ނޫންކަން ބުންޏެވެ. އީތަންގެ ހިތުގައި ޒޫރިންއަށް ދެވިފައިވާ މަޤާމު ސުފިޔާނު ސާފުކޮށްދިނެވެ. ތަހުސީނަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ސުފިޔާނުގެ ވާހަކަތަކުން ލިބިގެން ދިޔައެވެ. މިއަދު އީތަންއަށް ވިސްނިއްޖެކަމުގައި އޭނާއަށް ޤަބޫލުކުރެވިއްޖެއެވެ. ސުފިޔާނުގައި ކޮނޑުގައި އަތްބާއްވާލުމާއެކު ތަހުސީނު އޭނާއަށް އީތަން އެނގޭ ގޮތް ސުފިޔާނަށް އޮޅުން ފިލުވައިދިނެވެ.

ސުފިޔާނު ހީކުރި ވަރަށްވުރެ ތަހުސީނުވީ ވިސްނުންތެރި މީހަކަށެވެ. އޭނާ ސުފިޔާނުގެ އެދުމުގައި ކޮޅުފައިން ނުޖެހިއެވެ. ތަހުސީނު ހަމައެކަނި ބޭނުންވީ ކަމަކީ އީތަންއަށް ކުރެވުނު ކުށް ވިސްނި ޒިންމާތައް ނެގުމަށް އެނބުރި އައުމެވެ. އީތަންއަކީ ރަނގަޅު ޒުވާނެއްކަން ތަހުސީނަށް މީގެ ކުރިން ވެސް އެނގޭކަމުގައި ބުނެލިއެވެ. ޝައުންއާ ދެމީހުން ފެންނައިރު އަބަދުވެސް އީތަންގެ އެ ހުންނަ ހަރުދަނާ ގޮތް ތަހުސީނަށް ކަމުދާކަމުގައި އޭނާ ބުންޏެވެ. ސުފިޔާނާއި ތަހުސީނުގެ ޚިޔާލު ވެސް ހުރީ އެއްމަންޒިލަކަށް ވާސިލުވުމަށެވެ. ދެ މީހުން ވެސް ބޭނުންވަނީ އީތަން އާއި ޒޫރިން ގުޅުމެވެ. ޒޫރިން ކޮންމެ ގޮތަކަށް ކަންތައްކުރި ކަމުގައި ވިޔަސް އެ ހިތުގައި އީތަންއަށްޓަކައި ލޯބިވާކަމުގައި ތަހުސީނު ޤަބޫލުކުރެއެވެ. އޭނާ އެކަން ސުފިޔާނަށް ހާމަކުރިއެވެ. ނަމަވެސް އެކަކު ވެސް ޒޫރިންއަށް މަޖުބޫރުކުރާކަށް ބޭނުމެއްނުވެއެވެ. ޒޫރިންއަށް އައި ބަދަލުތަކުގެ ވާހަކަ އިވިފައި އެކަމާ ސުފިޔާނު އިންތިހާއަށް ދެރަވިއެވެ. ތަހުސީނުގެ ގާތުން އަލުން މާފަށް އެދެވުނެވެ.

ޒޫރިންއާ ބައްދަލުނުވެ އެނބުރި ގެއަށް އަންނަންޖެހުމުން އެކަމާ އެންމެ ހިތްނުތަނަވަސްވީ އީތަންއެވެ. ގެއަށް އައިގޮތަށް އައިސް އީތަން ވަނީ އޭނާގެ ކޮޓަރިއަށެވެ. ދެކޮޅަށް ހިނގާލަ ހިނގާލާ ހުރެވުނީ ތަހުސީނާއި ރޭޝްމާ ދެއްކި ވާހަކަތަކާ މެދު ވިސްނާށެވެ. ޒޫރިންއާ ބައްދަލުނުވާއިރު އޭނާ ބޭނުންވަނީ ކޮންގޮތެއްކަމެއް އެނގޭނީ ކިހިނެއްހެއްޔެވެ. އީތަން ބޭނުންވަނީ ޒޫރިންއާ ބައްދަލުކުރާށެވެ. ޒޫރިން ބަލިވެ އުޅުންކަން އެނގުމުން އީތަންގެ ހިތަށް ތަދުވިއެވެ. ޒޫރިންގެ ގާތުގައި ހުރުމަށް އޭނާ އެދެއެވެ. ހިތަށްލިބެމުންދިޔަ ނުތަނަވަސްކަން އިތުރުވުމާއެކު މުއްކަވާލި އަތުން އަނެއްއަތްތިލާގައި އީތަން ޖަހާލަމުން ޗުސް ކަނޑާލިއެވެ.

އީތަންގެ ޢާއިލާ ދިއުމުން ތަހުސީނާއި ރޭޝްމާ އެތައް އިރަކު ވާހަކަދެއްކިއެވެ. ސުފިޔާނުގެ ޚިޔާލަށް ތާޢިދުކުރާކަން ތަހުސީނު ހާމަކުރިއެވެ. އީތަންގެ ޢާއިލާއަކީ ރަނގަޅު ޢާއިލާއެއްކަމުގައި ރޭޝްމާ ވެސް ޤަބޫލުކުރިއެވެ. އެހެންނަމަވެސް އެ ހުރިހާ ވާހަކައެއް ޒޫރިންއާ ދެއްކުމުން ވާނޭ ގޮތަކާ މެދު އޭނާ ކަންބޮޑުވެއެވެ. ތަހުސީނު ބޭނުންވީ ޒޫރިންއާ އެ ވާހަކަދެއްކުމަށެވެ. އަންހެންދަރިފުޅުގެ ހަޔާތް ބަރުބާދުވެގެން ދިއުމުގެ ބަދަލުގައި އެ ދަރިފުޅަށް ރަނގަޅު ދިރިއުޅުމެއް ލިބުމަކީ އޭނާ އެދޭގޮތެވެ. މުޅި އުމުރު ކައިވެންޏެއް ނުކޮށް ހުރުމަށްވުރެ އީތަންއަކީ ޒޫރިންއަށް އެންމެ އެކަށޭނެ ޒުވާނާކަމުގައި ތަހުސީނު ޤަބޫލުކުރެއެވެ. އަލުން ޒޫރިންއަށް ހަމަޖެހުމެއް ލިބޭނީ ވެސް އޭރުންނެވެ.

“މިރޭ އެ ސޮރު ނިންދަވާފައި ރީން ނުކުތީމާ ތި ވާހަކަދައްކާނަން” ރޭޝްމާ ބުނެލިއެވެ.

“ރީން ހިތްހަމަނުޖެހުނަސް އަހަރުމެން އެބަޖެހޭ އޭނާއަށް ވިސްނައިދޭން ވެސް” ތަހުސީނު ބުނެލިއެވެ.

ދަރިފުޅުގެ ލޯބި ހީނލުމުން ޒޫރިންގެ ތުންފަތަށް ހިނިތުންވުމެއް ވެރިވެގެންދެއެވެ. އަދި އަލުން އެ ލޯބިލޯބި ހީނލުން އަޑުއަހާލުމަށް ދަރިފުޅުގެ ބަނޑުގައި ކޮއްޓާލައެވެ. ކުޑަކުޑަ ޝަމްޢާނަށް އޭނާގެ މަންމަގެ އަޑުވަކިވެއެވެ. އަޑުލައްވާލާއި ބައެއްފަހަރު އަތްތަޅުވައިލައެވެ. އުރާލާށޭ ބުނާ ކަހަލައެވެ. ޒޫރިން ގުދުވެލާފައި ދަރިފުޅުގެ މޫނުގައި ބޮސްދީފައި ތެދުވެލުމުން އަދިވަކިން ފޯރިދައްކާލައެވެ.

“ހާދަހާ ސަކަރާތްބޮޑުކޮށްލައިގެން” ޒޫރިންގެ ކޮޓަރިތެރެއަށް ވަދެގެން އައި ރޭޝްމާ ހިނިއައިސްފައި ހުރެ ބުނެލިއެވެ. އަދި ޒޫރިންގެ ގާތުގައި ހުއްޓިލަމުން އެނދުގައި އޮތް ޝަމްއާނާ ތޮޅިލިއެވެ.

“އިރުކޮޅަކުން ގައިދޮށްވާލާފައި ނިދަން ބާއްވަންވީ” ޒޫރިން ބުނެލިއެވެ.

“މަންމައަށް މައްސަލައެއްނެތް. އެކަމަކު ރީން މިރޭ ވާނެ ތަންކޮޅެއް ރަނގަޅަށް ކާން. ހުންގަނޑު ވިހެލީ ހުސް ދިޔާތަކެތި ބޮއެގެން. ހަރު އެއްޗެއް ކެއީމާ ގައިގާ ވަރުޖެހޭނީ. އެހެންނޫނަސް މިރެއަށް މަންމަ ހުންނާނެ ފްރައިޑް ރައިސް ހަދާފައި. ރަނގަޅަށް ނުކައިފިއްޔާ ޝަމްޢާނަށް ކާންދޭހެން ރީންއަށް ވެސް ކާންދޭނީ… ދޯ މާމަގެ ދޮންކޮޅޫ… މަންމައަށް ވެސް ކާންދޭން މިޖެހެނީ ދޮންކޮޅުއަށް ކާންދޭން ގޮތަށޭ… ދޯ…. ދޯ ދޫނީ” ރޭޝްމާގެ އަޑަށް ޝަމްޢާނު ހަތަރެސްފައި ތަޅުވައިގަތުމުން ރޭޝްމާގެ ސަމާލުކަން މާމަދަރިފުޅަށް ހުއްޓާލިއެވެ.

“މާމަގެ ބަސްއަހައިގެން އޮވެބަލަ. ބަލާބަލަ މާމަގެ އަޑުއިވުނީމާ ތެޅިފޮޅޭވަރު…” ޒޫރިންއަށް ވެސް ދަރިފުޅުގެ ހަރަކާތްތަކުން މަޖާވިއެވެ.

ޝަމްޢާނަށް ގާތުންދީފައި އެކުއްޖާ ގޮވައިގެން އައިސް އުނދޯލިގޮނޑީގައި ބާއްވާފައި ޒޫރިން ކާމޭޒުދޮށުގައި އިށީނެވެ. އޭރު ތަހުސީނާއި ރޭޝްމާ ވެސް ކާން އިށީނދެއްޖެއެވެ. ޒޫރިންގެ ހަމަޖެހުމާއި އޭނާގެ ވުޖޫދަށް އައިސްދާނޭ ބަދަލަކާމެދު ތަހުސީނު ވިސްނަން އިން ކަހަލައެވެ. އީތަންގެ ޢާއިލާ އެގެއަށް އައިކަން އެނގުމުން ޒޫރިން ކަންތައްކުރާނޭ ގޮތެއް ހަމަ އެއްގޮތަކަށް ވެސް އެނގެނީއެއްނޫނެވެ. ދަރިފުޅުގެ ޒަހަމްވެފައިވާ ހިތުގެ ފާރުތައް ފަސޭހަކުރުމުގެ ބަދަލުގައި އަލުން ލޭކޮށާލެވިދާނޭތީވެ އެކަމާ ތަހުސީނު ނުހަނު ކަންބޮޑުވެއެވެ. އެހެންނަމަވެސް އޭނާގެ ނިންމުމުގައި އޭނާ ދެމިހުއްޓެވެ.

ރޭގަނޑުގެ ކެއުމަށްފަހު މޭޒުމަތީގައި އަތުރާފައިވާ ތަށިތައް ނަގާ ބަދިގެ ފަރާތް ހަމައަކަށް އަޅުވާފައި ރޭޝްމާ ހިނގައިގަތީ ޒޫރިންގެ ކޮޓަރިއަށް ދިއުމަށެވެ. އޭނާ ސިޑިން އަރައިގެން އައިސް ޒޫރިންގެ ކޮޓަރިއަށް ވަންއިރު ދަރިފުޅު ފެންވަރުވަން ތައްޔާރުކޮށްލައިގެން އިނެވެ. ރޭޝްމާ ވަދެފައި ޝަމްޢާނު އުރާލައިގެން ފާޚާނާއަށް ވަނެވެ. އޭނާގެ ފަހަތުން ޒޫރިން ވެސް ވަނެވެ. ދަރިފުޅު ފެންވަރުވާތަން ބަލަން އޭނާ ހުއްޓެވެ. އަދި ފެންވަރުވާ ނިމުމުން އޭނާގެ އަތުގައި އޮތް ކުޑަ ތުވާލިކޮޅު ފަތުރާލާފައި ރޭޝްމާގެ އަތުން ޝަމްޢާނު ނަގާ އެކުއްޖާގެ ވަށައިގެން ތުވާލި އޮޅާލިއެވެ.

“ރީން… ދަރިފުޅު އުފަލުންތަ ތިހުންނަނީ” ޒޫރިން ރީތިކޮށްލާފައި އޮތް ޝަމްޢާނު ކުޑައެނދަށްލާފައި ހިންދެމިލި ވަގުތު ރޭޝްމާ އަހާލިއެވެ. އެ ހުރިހާ އިރު ޒޫރިންގެ ހަރަކާތްތަކަށް ރޭޝްމާ ބަލަން އިން ކަހަލައެވެ.

“ކީއްވެގެން މަންމަ ތިހެން ތިބުނީ” ޒޫރިން ހައިރާންވިއެވެ.

“ހިނގާބަލަ ބޭރަށް. މަންމަ ދަރިފުޅުގެ ގާތުގައި ދައްކަންވެފައި ހުރި ވާހަކަތަކެއް އެބަހުރި. މިތަނުގައި ތިބެ ވާހަކަދައްކަންޏާ އަހަރުމެންގެ އަޑަށް ޝަމްމު ނުނިދާނެ” ރޭޝްމާ ބުނެލިއެވެ. ޝަމްޢާނު ނިންދަވަން މީހަކު މާބޮޑުކަމެއް ކުރާކަށް ނުޖެހެއެވެ. ރޭގަނޑަށް ބުއްދީފައި ފެންވަރުވާލާފައި ގެނެސް އެނދަށް ލުމުން އެކުއްޖާ އަމިއްލައަށް ނިދާނެއެވެ. ޒޫރިން ކޮޓަރީގެ އަލި ފަނޑުކޮށްލާފައި ދޮރު ލައްޕާލާފައި ރޭޝްމާއާއެކު ނުކުތީ ބޭބީ މޮނީޓަރ ހިފައިގެންނެވެ.

ޓެރެސްގައި ހުރި ސަރަންފީގައި ހަށިގަނޑު ދަމާލައިގެން ތަހުސީނު އިނެވެ. އެތަނަށް ޒޫރިން ގޮވައިގެން ރޭޝްމާ ނުކުތެވެ. އަދި ގޮނޑިތައް ކައިރިކޮށްލާފައި ޒޫރިންއަށް އިށީނުމަށް ބުނެފައި އޭނާ ވެސް އިށީނެވެ.

“ރީން، މިއަދު މިގެއަށް އީތަން އާއި އޭނާގެ ޢާއިލާ މީހުން އައި” ރޭޝްމާ ހިމޭންވެފައި އިރުކޮޅަކު އިނުމުން އޭނާއަށް ބަލާލާފައި ތަހުސީނު ބުނެލިއެވެ. ދުރުދުރުން ވާހަކަފެށުމުގެ ބަދަލުގައި ސީދާ ބުނަން ބޭނުންވާ ކަންތައް ތަހުސީނު ހާމަކުރީއެވެ. އެހިނދު ޒޫރިންގެ ލޮލުން ފާޅުވެގެން ދިޔަ ހައިރާންކަން އޭނާ ފޮރުވާލީ އިސްޖަހާލައިގެންނެވެ.

“އީތަންގެ މައިންބަފައިންގެ ގާތުގައި ރީންގެ ވާހަކަ އޭނާ ބުނެފި. އަދި އެމީހުންގެ ގާތުގައި އީތަން ވަނީ ބުނެފައި ރީންއާ ނޫން މީހަކާ ދުވަހަކު ވެސް ކައިވެންޏެއް ނުކުރާނަންކަމުގައި. ރީންއަށް ލިބުނު ދަރިއަކީ އޭނާގެ ވެސް ދަރިއެއްކަމުގައި ޤަބޫލުކުރާކަން. އެހެންވެ އީތަން ބޭނުންވަނީ ރީންއާ ކައިވެނިކުރަން…. އީތަންގެ ޢާއިލާއިން ވެސް ދަރިފުޅު ބަލައިގަންނަން އެމީހުން ތިބީ ތައްޔާރަށް. އީތަންއަށް ކަންތައްކުރެވުނު ގޮތާއިމެދު އޭނާ ހުރީ ވަރަށް ދެރަވެފައި… މިހާރު ދަރިފުޅެކޭ އޭނާއެކޭ ތަފާތެއްނެތް. ތި ދެ ކުދިންނަށް ބަލާލި ނަމަވެސް ބައްޕައަށް ސިފަވަނީ އެއްހާލެއްގައި އެއްކަހަލަ ވޭންތަކެއް އުފުލަމުންދާ ދެ ޒުވާނުންގެ ގޮތުގައި. ދަރިފުޅު ބޭނުންވެގެން އީތަން ރޮނީ…. މިކޮޅުން އީތަން ކަންތައްކުރި ގޮތާއިމެދު ދަރިފުޅު ކަރުނައަޅަނީ… ތިޔައިގެ ދެ ކުދިންނަށް އެކަކު އަނެކަކާ ވަކިން އުޅެވިދާނޭހެން ހީވަނީތަ؟…”

“ބައްޕަ އަޅުގަނޑުގެ ޚިޔާލެއް ނުހޯދާ ހުރިހާ ކަމެއް ނިންމީތަ؟ އެހެންވެއްޖެއްޔާ ތި ވާހަކަތައް ދެއްކުމުގެ ބޭނުމަކީ ކޮބާ؟” ޒޫރިން ކުއްލިއަކަށް ތެދުވިއެވެ.

—  ނުނިމޭ  —

Leave a Comment

Your email address will not be published. Required fields are marked *