LOABIVAATHEE UFAA DHEYNAMEY [EP-13]

“ބައްޕަ އެކޮޅުގައި ދެ ދުވަހު ހުރެފައޭ އަންނަނީ. ޖޭޒް ތިބުނާ މީހަކާ ބައްދަލުކޮށްލާފައި އަންނަންވީނު. މާހިރު ގާތު ބުނެގެން ދަރިފުޅުމެން ބަލާ އަންނަން ލާންޗު ހަމަޖައްސަ ފާނަން” އަފީފު ބާރު އެޅިއެވެ. އެހެންވެ ނޫނެކޭ ބުނާކަށް ޖަޒްލާއަކަށް ނުކެރުނެވެ. އެހެން އިނދެ އަފީފަށް ބޯޖަހާލާފައި ކައިލަންއަށް ބަލާލިއެވެ. އޭރު އޭނާ ހިނިތުންވެފައި އިންވަރުން ދަތްތައް ވެސް ފެންނަން ހުއްޓެވެ.

ކޭމޭޒު ދޮށުން އަފީފު ތެދުވެގެން ދިއުމާއެކު ކައިލަން އާއި ޖަޒްލާ ވެސް ތެދުވެގެން ނުކުތީ ބެލްކަންޏަށެވެ. ރެއިލިންގައި ދެއަތް އަޅުވާލައިގެން ޖަޒްލާ މަޑުކޮށްލުމުން އޭނާ ފެންނާނޭހެން ކައިލަން މަޑުކޮށްލައިގެން ހުއްޓެވެ. އެއްޗެއް ބުނަން ބޭނުންވެފައި އެހެންނަމަވެސް މަޑުކޮށްލައިގެން ހުރި ފަދަ ގޮތަކަށެވެ. އެހެން ހުންނަތާ އިރުކޮޅެއް ވީއިރު ޖަޒްލާއަށް ވެސް ކައިލަން ބަލާކަން ފާހަގަކުރެވިއްޖެއެވެ. އެންމެ ފަހުން ނުހުރެވިގެން ކައިލަންއާ ދިމާއަށް ޖަޒްލާ އެނބުރިލިއެވެ.

“ކިހިނެއްތަވީ؟ ކީއްވެތަ ތިހާ ވަރަށް ތި ބަލަނީ؟”

“ޖޭޒް، މިރޭ ހާދަ ތަފާތުހެން ހީވެޔޭ” އިރުކޮޅަކު ހުރެލާފައި ކައިލަން ބުނެލިއެވެ.

“އަހަރެން ވާހަކައެއް ބުނިއްޔާ ރުޅި އަންނާނަންތަ؟” ޖެހިލުންވެފައި ހުރެ ދުރުބަލަމުން ޖަޒްލާ ބުނެލިއެވެ.

“ބުނެބަލަ… އޭރުންތާ އެނގޭނީ ރުޅި ނާންނަން ވެސް”

“ކައިލް ޕްލީޒް… އިހަށް ބުނޭ ރުޅި ނާންނާނަމޭ. އޭރުން ބުނާނީ” ތުންފަތަށް ގޮތެއް ހަދާލަމުން ޖަޒްލާ ލޯ ހިމަކޮށްލިއެވެ.

“އޯކޭ… ނާންނާނަން… އެހެންނޫނަސް ކޮންއިރަކުތަ އަހަރެން ޖޭޒްދެކެ ރުޅި އައިސްފައި ހުރީ” ޖަޒްލާއާ ކައިރިއަށް ކައިލަން ޖެހިލިއެވެ.

“އަހަރެން… އަހަރެން މިއަދު އީތަންއަށް ގުޅިން…” ކައިލަންގެ މޫނަށް ބަލަމުން ޖަޒްލާ ބުނެލިއެވެ. ކައިލަންގެ މޫނަށް އަރާ ފައިބާ އަސަރުތައް ދެނެގަންނަން ޖަޒްލާ ބޭނުންވިޔަސް ކައިލަން އިސްޖަހާލުމުން އޭނާގެ މޫނު ފެންނަގޮތެއް ނުވިއެވެ. މަޑުކޮށްލައިގެން ހުރީ ކައިލަން އެއްޗެއް ބުނޭތޯއެވެ.

“އޭނާއާ ދޯ ބައްދަލު ކުރަންވެފައި އޮތީ” މިހެން ބުނިއިރު ކައިލަންގެ އަޑު ބަދަލުވެއްޖެއެވެ. ކުރިން ހުރި ގާތްކަމާއި ސަމާސާ ގޮތް މުޅިން ކެނޑިއްޖެއެވެ.

“ހޫމް! ކައިލް… އަހަރެން ބޭނުން އީތަންއާ ވާހަކަދައްކަން. އަހަރުމެން ދެމީހުންގެ ދެމެދުގައި އޮތް ގުޅުން އަދިވެސް މުޅިން ކެނޑިގެނެއްނުދޭ. ދެ މީހުން ވާހަކަދައްކައިގެން ނޫނީ ވަކިގޮތެއް ނުނިންމޭނެ”

ޖަޒްލާގެ ވާހަކައަށް ކައިލަން އިތުރަށް އެއްވެސް އެއްޗެއް ނުބުންޏެވެ. ޖަޒްލާ އެކިއެކި ސުވާލު ކުރުމުން ވެސް ޖަވާބު ދޭން ކައިލަން ބޭނުންނުވާތީ އޭނާ ފަށަނީ މުޅިން އެހެން ވާހަކައެކެވެ. އެހެންވެ ޖަޒްލާއަށް ޖެހުނީ ދައްކަމުން ދިޔަ ވާހަކަ ހުއްޓާލާށެވެ. އީތަންގެ ވާހަކައަކީ އެއްގޮތަކަށް ވެސް ކައިލަން މިހާރު އަޑުއަހަން ބޭނުންވާ ވާހަކައެއް ނޫނެވެ. އެ ނޫން ކޮންމެ ވާހަކައެއް ދެއްކި ނަމަވެސް ކައިލަންގެ ފުރިހަމަ ސަމާލުކަން ޖަޒްލާއަށް އޭނާ ދޭނެއެވެ.

* * * *

ހެނދުނުގެ ވަގުތެވެ. ދުއްވާ އެއްޗެހިންނާއި ހެނދުނު އޮފީހަށްދާ މީހުންނާއި ސުކޫލުތަކަށް ދާ ދަރިވަރުންނާއި ބެލެނިވެރިންނާއިގެން މަގުތައް ފެންނަނީ ވަރަށް ހަލަބޮލިކޮށެވެ. ޓްރެފިކު ލައިޓުގައި ޖެހިފައި ސައިކަލުގައި އިން އީތަން އެހާ ހެނދުނާ ވެސް އިނީ ޚިޔާލަކަށް ގެއްލިފައެވެ. މިއަދަކީ ޖަޒްލާއާ ބައްދަލުކުރަން އެއްބަސްވެފައި އޮތް ދުވަސްކަން އޭނާގެ ޟަމީރު އިރުއިރުކޮޅާ ހަނދާންކޮށްދެމުން ދިޔައެވެ. ޚިޔާލަށް ގެއްލިފައި އިންދާ އީތަން ސިހުނީ ބަރުގޮނުތަކުގެ އަޑުންނެވެ. ކުރިއަށް ދުއްވާލުމާއެކު ސައިކަލުގެ މިސްރާބު ހުރީ އީތަން މަސައްކަތް ކުރާ އޮފީހާ ދިމާއަށެވެ.

ހެނދުނު އެގާރަޖަހާ ދިޔަފަހުން އީތަންއަށް ޝައުން ގުޅިއެވެ. ރޭގައި ގުޅާނަމޭ ޝައުން ބުނެފައި ވެސް އީތަންއަށް ނުގުޅުނީތީ އޭނާ ފުރަތަމަ ވެސް ދެއްކީ އެވާހަކައެވެ. އެއަށްފަހު ވަރަށް މުހިންމު ވާހަކައެއް ބުނަންވެފައި އޮތީތީ އޭނާއާ ބައްދަލުކުރަން އީތަންގެ ގާތުގައި އެދުނެވެ.

“ވަރަށް އެހެންކަހަލަ ކަމެއްވެގެން މިއުޅެނީ… ބްރަދަރ ޕްލީޒް… ފޯނުން ކިޔައެއް ނުދެވޭނެ. ނުކުމެބަލަ… ބްރޭކެއް ނުލިބޭނެތަ” ޝައުން އާދޭސްކޮށްލިއެވެ.

ނުފައިލު ގާތުގައި ބުނެލާފައި އީތަން އޮފީހުން ނުކުންއިރު ކާރުގައި ޝައުން އައިސް އިނެވެ. މަޑުކޮށްލުމެއްނެތި އީތަން ކާރަށް އެރިއެވެ. ދެމީހުން ވާހަކަދައްކާލުމަށް އެންމެ ކައިރިން ޖެހުނު ރެސްޓޯރެންޓުގެ މަތީފަންގިފިލާއަށް އެރިއެވެ.

“އީތަން. އެނގޭތަ ތަހުސީނު ދޮންބެ މެރީ ކުރީ ކާކާކަން” ޝައުން މިހެން ބުނުމާއެކު އީތަން ދެފަރާތަށް ބޫހޯރާލީ ނޭނގެއޭ ބުނާފަދައިންނެވެ.

“އީތަންއަށް ހަނދާންނައްތާނުލެވިގެން ތިއުޅޭ ރީންގެ މަންމައާ”

“ކީކޭ…”

“އާން! އަޑުތިއިވުނީ ހަމަ ރަނގަޅަށް. ތަހުސީނު ދޮންބެ މެރީ ކުރީ ރީންގެ މަންމަ ރޭޝްމާއާ”

“އޭނާއަށް ޝޯން ފެނުނުތަ؟”

“އާން! ފެނުނު…. މަ ވަރަށް އަނގަސަކަރާތްވި… ވަރަށް ރުޅި ވެސް އައި”

“ދެން ޝޯން ކިހިނެއް ހެދީ… ކީކޭ އޭނަ ބުނީ. ރީން ދުށިންތަ؟” ކުއްލިއަކަށް އީތަންގެ ކެތްތެރިކަން ކުޑަވެގެން ދިޔައެވެ.

“ނޭނގެ. ފެނިފައި ހުންނާނީ… ރީންއަށްވުރެ އޭނާގެ މަންމަ ފެނުނީމާ އަހަރެން ހުރީ މާ ހާސްވެފައި. ވަރަށް ތަފާތު އޭނަ. އަހަރެން އެއްޗެއް ބުނާނީ ކިހިނެއް.. އޭނާ ބުނެފި ތަހުސީނު ދޮންބެއަށް އެއްވެސް ކަމެއް ސިއްރެއްނުކުރަމޭ. އެހެންނޫނަސް މަށަކަށް ނުކެރޭނެ އަހަރެން ކުރި ކަންތަކުގެ ވާހަކަ ތަހުސީނު ދޮންބެ ގާތު ދައްކާކަށް. މަންމަމެންނަށް އެނގިއްޖެއްޔާ ކިހިނެއްވާނީ….”

“ދެނޯ… ދެން ކިހިނެއް ހަދަނީ… އޭރު ވެސް މަ ބުނީމެއްނު ޝޯން ގާތުގައި ކުރަން ތިއުޅެނީ ރަނގަޅުކަމެއް ނޫނޭ. މަށަށް ލާހިކެއްނޫން ބޭބެގެ އަނތްބަކަށް އަހަރެން ގާތްވި މީހަކު ވާތަން ދުށުމަކަށް”

“ސީރިއަސްކޮށް މަށަށް ހެދުނު ވަރަށް ބޮޑު ގޯހެއް އެއީ. އެކަން މިހާރު ޤަބޫލުކުރެވޭ… އެކަމާ ހެދި ގެއިން ނުކުންނަ ހިތް ވެސް ނުވެފައި މިހުންނަނީ. ރޭޝްމާ ވަރަށް ދެރަވެ އޭނާ ރޮއެފައި ބުނީ އެއީ ހެދުނު ވަރަށް ބޮޑު ގޯހެއްކަމުގައި. އެކަމާ އޭނާ ވަރަށް ލަދުގަންނަކަމުގައި އަދި އޭނާ އެދުނީ އެކަމުގެ މަތިން ހަނދާންނައްތާލުމަށް… އަހަރެން ވެސް މިހާރު ބޭނުންވަނީ އެގޮތް…”

“ލައިފްގައި ސީރިއަސްވާކަށް އަދިވެސް ނުވޭތަ؟” އީތަން އިރުކޮޅަކު އިނދެފައި ބުނެލިއެވެ.

“ތެދުވާހަކައެއް ރޭޝްމާ ބުނީ… އަސްލު މަ ވެސް ލަދުގަތް. އަޙުލާޤީ ގޮތުން ހައްދުފަހަނައަޅައި ގޮސްފައިކަން އެނގޭ އަހަރެންގެ ޢަމަލުތައް ހުރީ… އެކަމާ ވަރަށް ވިސްނޭ. ރަނގަޅުވާން ބޭނުން… އީތަންގެ އެންމެ ގާތް ރަޙުމަތްތެރިޔާއަށް އަހަރެން ވާއިރު މިހާތަނަށް ދެވިފައި ހުރީ ރަނގަޅު ޚިޔާލުތަކެއް ނޫން…”

“ޝޯން… އައި އެމް ސޮރީ. މިހެން އިނދެވޭކަށްނެތް. ޖޭޒް މަށަށް ގުޅި. މިއަދު އޭނައާ ބައްދަލުކުރަން ބުނެފައި އޮތީ. މިހާރު ބާރަޖަހަނީ އެއޮތް” އީތަން އަތުކުރީ އޮތް ގަޑިއަށް ބަލާލާފައި ކަމެއް ހަނދާންވެގެން ބުނެލިއެވެ.

“ޖޭޒް ގުޅީއޭ… އަނެއްކާ ތި ދެ މީހުން އަލުން ގުޅެނީތަ؟” ޝައުން ސުވާލުކޮށްލީ ޤަބޫލުކުރަން ދަތިވެގެންނެވެ.

“ނޫން! އެކަމަކު އޭނާ ބުނަނީ ކީކޭތޯ އަޑުއަހަންވާނެއެއްނު. އެހެންނޫނަސް އަހަރެން ވެސް އޭނާއާ ބައްދަލުކުރަން ބޭނުންވެފައި ހުއްޓާ އެ ގުޅީ… ޝޯން… އަހަންނަށް ވެސް ކަންތައްކުރެވުނީ ވަރަށް ގޯސްކޮށް. ތެދަށް ބުނަންޏާ އަހަންނަށް ރީންގެ ޚިޔާލުތަކާ ވަތްކެއްނުވެވުނު… އަހަންނަށް… އަހަންނަށް ރީން ދެކެ ލޯބިވެވިއްޖެ… ވަރަށް ބޮޑަށް އޭނާދެކެ ލޯބިވޭ… ދަރިފުޅު ދުށުމަށް ވަރަށް ބޭނުންވެފައި މި ހުންނަނީ. އެގޭ ދޮށުން ކިތައް ފަހަރުކަމެއް ނޭނގެ ދެވުނީ… ޝޯން… އަހަރެން ބޭނުންވަނީ ޖޭޒްއަށް ހުރިހާ ވާހަކައެއް ކިޔައިދޭން. އެތައް އަހަރެއް ޖޭޒްއާއެކު ހޭދަވެގެން ދިޔައިރު އަހަންނަށް ޖޭޒްދެކެ ލޯތްބެއް ނުވެވުނު… ރީންގެ ހުންނަ ޚާއްޞަގޮތެއް ޖޭޒްގެއެއް ނުހުރޭ… ރީން ފެންނަ ކޮންމެ ފަހަރަކު އަހަންނަށް އެވާ ގޮތްތައް ޚުދު އަހަންނަށް ވެސް ނޭނގޭ… އަހަރެން ވަރަށް ދެރަވޭ ރީންއާ މެދު ކަންތައްކުރެވުނު ގޮތުން… ޖޭޒްއަށް ވެސް އޮޅުވާލުމަށްވުރެ ހަޤީޤަތް ކިޔައިދިނުން މާ ރަނގަޅުވާނެ. ޝޯން… އަހަންނަށް މިކަމުގައި އެހީވެދީބަލަ”

“ރީންއާ މެދު އީތަންއަށް ކަންތައްކުރެވުނީ ވަރަށް ނާއިންސާފުން. އޭނާ މިއަދު އެވަނީ ވަރަށް ބޮޑަށް ބަދުނާމުވެފައި. މަށަށް ފެންނަނީ ތަހުސީނު ދޮންބެ ގާތުގައި ހުރިހާ ވާހަކައެއް އީތަން ކިޔައިދޭން… ނޫނީ ރީން ހޯދަން އެގެއަށް ދާންވީނު”

އީތަން އާއި ޝައުން ވާހަކައިގައި ތިއްބާ އީތަންގެ ފޯނަށް ޖަޒްލާ ގުޅިއެވެ. ދެ އެކުވެރިންގެ ވާހަކަ މެދުކަނޑާލަން ޖެހުނީ އެހިސާބުންނެވެ.

“ހިނގާ ތިބުނާ ހިސާބަކަށް ގެންގޮސްދޭނަން، ނިމުނީމަ ގުޅާލާ… އޭރުން އަންނާނަން އޮފީހަށް ވައްޓާލަން” މޭޒު ދޮށުން ތެދުވެގެން އީތަންއާއެކު ހިނގައިގަންނަމުން ޝައުން ބުނެލިއެވެ. އީތަން ފޯނަށް ބަލަން ހުރެ ބޯޖަހާލިއެވެ.

ކާރުގައި ދިޔަ ޝައުން އާއި އީތަންއަށް ޖަސްޓިސް އިމާރާތް ކައިރިއަށް މީހުން އެއްވެފައި ތިބިތަން ފެނިފައި ވެގެން އުޅޭގޮތެއް އޮޅުން ފިލުވާލަން ކާރު މަޑުކޮށްލާ އެ ހިސާބުން މީހެއްގެ ގާތުގައި އަހާލިއެވެ. ސިޔާސީ ހަލަބޮލިކަމެއް އައިސްގެން އުޅެނީކަމުގައި ހީވެގެންނެވެ.

“ޒިނޭކޮށްގެން ހައްދުޖަހަނީނު… އަންހެނުންގެ ނުބައިކަން…” އުމުރުން ދުވަސްވީ މީހަކު ނުރުހިފައި ބުނެލިއެވެ.

“ހިނގާބަލަ ބަލާލަން… މަށެއް ދުވަހަކު ވެސް ނުދެކެން ހައްދުޖަހަނިކޮށް، ނުވާނެ ގިނައިރެއް. ހަމަ ބަލާލާފައި ދާނީ” ޝައުން ކުއްލިއަކަށް ބުނެލިއެވެ.

“އެކަމަކު މަށަށް ވަރަށް ލަސްވޭ… އެ މަންޒަރު ބަލާހިތެއް ވެސް އަސްލުނުވޭ. އަހަންނަކީ ވެސް އެ ފަދަ ކުށްވެރިއެއް ނޫންތަ؟” އީތަންގެ ހިތަށް އުނދަގޫވިއެވެ. ނަމަވެސް ޝައުން ކާރު އެއްފަރާތުގައި ޕާކުކޮށްލާފައި ކާރުން ފައިބައިގެން މީހުންގެ ގަނޑުގެ ތެރެއަށް ހިނގައިގަތެވެ. އެހިނދު އެތަން ބަލަން އިނދެފައި އީތަން ވެސް ކާރުން ފައިބައިގެން އައެވެ.

މީހުންގަނޑުގެ ތެރެއިން ޝައުން އާއި އީތަން ކުރިއަށް ޖެހިލާ އިމާރާތުގެ އެއްފަރާތުގައި އޮތް ހުސްބިމުގައި ހުރި އަންހެންކުއްޖާއަށް ދެ މީހުން ބަލާލިއެވެ. ކަކުލަށްވުރެ ދިގުކޮށް ހުރި ކަޅު ހެދުން ގަޔަށް ކިތަންމެ ދޫކަމުގައި ވިޔަސް އޭނާގެ ހަށިގަނޑުގެ އަނަރޫފަކަން ފާޅުވެއެވެ. ދެ ކޯތާފަތް އަޑިވެފައި ހުއްޓެއްކަމަކު ހަމުގެ ކުލަ އަލިވެފައި ކަޅުކަން ގަދަ ދިގު އިސްތަށިގަނޑު ގަތާލާފައި އެއްފަރާތުން ކުރިމައްޗަށް ގެނެސްފައި އޮތެވެ. އިސްއޮބާލައިގެން ހުރިލެއް ބޮޑުކަމުން މޫނުވަކިވާގޮތެއް ނުވެއެވެ. އެހެންނަމަވެސް އީތަން އާއި ޝައުންއަށް ކުއްލި ސިހުމެއް ގެނުވީ އެތަނުގައި ހުރި އަންހެންކުއްޖާގެ އެއްފަރާތުގައި މަޑުކޮށްލައިގެން ތިބި ތަހުސީނާއި ރޭޝްމާ ފެނިފައެވެ. އޭރު ރޭޝްމާގެ އަތުގައި ތުއްތު ކުއްޖަކު އޮތެވެ. ވަގުތުން އީތަންއަށް ބަލާލެވުނީ ޝައުންއަށެވެ. އޭނާއަށް ވެސް އެވަގުތު ބަލާލެވުނީ އީތަންގެ މޫނަށެވެ. އެނބުރި ދެ މީހުންގެ ނަޒަރު ވެސް އަމާޒުވީ ރޭޝްމާ އާއި ތަހުސީނަށެވެ. ދުރުގައި ތިއްބެއް ކަމަކު އެމީހުންގެ ނަޒަރު ހުއްޓިފައިވަނީ ޒޫރިންއަށެވެ.

ދުއްރައިގެ އެތިފަހަރު ޒޫރިންގެ ބުޑާދިމާއަށް އެރި ވަގުތު އީތަންގެ ދެ ލޯ ބޮޑުވެ ދެއަތްތިލަ މުއްކެވިގެން ދިޔައެވެ. ހަމައެއާއެކު ސިހުމުގެ އަޑުކަމެއް ނޫނީ ހިތަށް ލިބިގެން ދިޔަ ވޭނު އަޑުކަމެއް ނޭނގެއެވެ. ޔަޤީނުން ވެސް އޭނާގެ އަނގައިން އެވަގުތު އާހެއްގެ އަޑު ބޭރުވެގެން ދިޔައެވެ. ޒޫރިންގެ ގައިގާ ތަޅާ މަންޒަރު ދުށުންވީ އީތަންއަށް ކެތްކުރެވޭ ވަރު މަންޒަރަކަށް ނޫނެވެ. އޭރު ރޭޝްމާއަށް ރޮވެނީއެވެ. އޭނާ އިރުއިރުކޮޅާ ދެ ލޯ ފުހެލައެވެ. ޒޫރިންގެ ހާލު ފެނި އީތަންގެ ހިތް ނޭނގޭ ބާރަކުން އެއްވެސް ރަޙުމަތްނެތި އިރާލި ކަހަލައެވެ. ދެފަޅިއަކަށް ނޫނެވެ. އެތިކޮޅުކޮޅަށް ވީދާ ކުދިކުރަމުން ދިޔަ ފަދައެވެ. ލިބެމުންދިޔަ ވޭނަށް ކެތްކުރަމަށްޓަކައި ދެ ދަތްޕިލާ ޖައްސާ ބާރުކޮށްލައިގެން އީތަންއަށް ހުރެވުނެވެ. އެހެން ހުއްޓާ ދުއްރައިގެ އެތިފަހަރަކާއެކު ކުއްލިއަކަށް ޒޫރިން ކުރިއަށް ދާގޮތްވިއެވެ. އެހިނދު ބޭއިޚްތިޔާރުގައި ޒޫރިންގެ އިސް އުފުލިގެން ދިޔައެވެ. އަދި މީހުން ގަނޑުގެ ތެރެއިން ފުރޭނިގެން ކަހަލަ ގޮތަކަށް ޒޫރިންގެ ނަޒަރު ސީދާ ވެގެން ދިޔައީ އީތަންއާއެވެ.

ވަޅުވަދެ އަޅިކުލަ ވެރިވެފައިވާ ބޮޑު ދެ ލޮލުން އެސްފިޔަ ޖަހަން ވެސް ހަނދާންނެތިފައި ޒޫރިން ބަލަން ހުރި އިރު އެ ދެލޮލަށް ބޮނޑިވެފައިވާ ކަރުނަތައް ނުހިފެއްޓިގެން ބަންޑުން ވެދާނޭހެން ހީވާ ކަހަލައެވެ. އެހެންމީހުންނަށް ނުފެންނާނޭ ފަދަ ގޮތަކަށް ޒޫރިންގެ ތޫނުކަޅިރަވައިން އީތަންގެ މުޅި ނަފްސުގެ ލޭ ކޮށާލައިފިއެވެ. ޔަޤީނުން ވެސް އެއީ ދުނިޔެ އެ ދެ މީހުންނަށް ވެސް ކުރިމަތި ކުރުވި އަނިޔާވެރި ވަގުތުކޮޅެކެވެ. އެހާލުގައި ޒޫރިން ވަނިކޮށް އީތަންއަށް ފެންނާކަށް އޭނާ ބޭނުމެއްނޫނެވެ. ހަމައެއާއެކު ޒޫރިން އެހާލުގައި ހުއްޓާ ދުށުމަކަށް ވެސް އީތަންގެ ހިތާއި ފުރާނަ ނޭދެއެވެ. ނަމަވެސް ނުދެނެތިއްބާ ކުއްލިއަކަށް މި ދިމާވި ދިމާވުމެއްގެ ސަބަބުން ދެ މީހުންގެ ހަށިގަނޑާއި ފުރާނަ ވެސް ގަޑުވެއްޖެއެވެ. ހީވަނީ މަރާއި ހަނގުރާމަކޮށްކޮށް ތިބި ދެ ޒުވާނުންހެންނެވެ. ޒޫރިންގެ މޫނުމަތިން ފާޅުވޭވޭ ހުރި ވޭނީ އަސަރުތައް އީތަންއަށް ސިއްރެނުވިއެވެ. ނޭނގުހުއްޓާ އެރި ދުއްރައިގެ އެތިފަހަރާއެކު އަނގަވަތަށް ޒޫރިން ވެއްޓުނު ވަގުތު އީތަންގެ މުޅި ހަށިގަނޑަށް ވެސް ލޮޅުން އަރައިގެން ދިޔައެވެ. އީތަންގެ ވުޖޫތައް ވޭނުގެ އެތިފަހަރެއް އެރިއެވެ. މުޅި މީހާ ތުރުތުރު އަޅައިގެން ދިޔައެވެ. އެވަގުތު އޭނާގެ އަތުގައި ޝައުން ނުހިފެއްޓިނަމަ ވާނޭ ގޮތެއް ވެސް ނޭނގެއެވެ. އެ ދިމާއަށް ރޭޝްމާ ދުއްވައިގަތުމާއެކު އޭނާ ހިފެހެއްޓީ ތަހުސީނެވެ. މަޑުމަޑުން ޒޫރިން ތެދުވެ ކޮޅަށް ހުއްޓުނެވެ. އެތަން ފެނި ބޭއިޚްތިޔާރުގައި ކުރިމަތީ ހުރި ފާރުގައި އީތަންގެ މުއްކަވާލި އަތުން ޖެހިއެވެ. ނަމަވެސް އެ އަތަށް ވީ ތަދުވެސް ހިތަށް ލިބެމުންދިޔަ ވޭނަށްވުރެ އެންމެ ތަންކޮޅެއް ވެސް ބޮޑެއްނޫނެވެ. ދެން ވެސް ޒޫރިން ބަލަން ހުރި ގޮތުން އެ ނަޒަރުގެ ތޫނުކަމުން އީތަންގެ ހިތާއިމޭ ތޮރުފާލިއެވެ. ބޭވަފާތެރިކަމުގެ ސާލަކަށް އީތަންލާ އޮޅާލި ކަހަލައެވެ. އެއާއެކު ނޭފަތުގެ ހިނދުރީގައި ނޭވާތާށިވެ ހާސްވާގޮތްވިއެވެ.

އީތަންއަށް ދެ ލޯ މަރާ ތަގުޅިކޮށްލެވުނީ އެއްވެފައި ތިބި މީހުންގެ ދޫތަކުން ޒޫރިން ބޭޒާރުކުރަމުންދާ އަޑުތަކާ ހެދިއެވެ. އެތައް ބައެއްގެ ކުރިމަތީ ޒޫރިންގެ ފޭރާން އިރާ ކުދިކުރަމުން އެ ރީތި ހަށިގަނޑު ހާމަކުރަމުން ދާ ކަހަލައެވެ. އެހެންނަމަވެސް އޭނާއަށް އެމީހުންގެ ދޫތަކުގައި ހިފެހެއްޓޭނީ ކިހިނެއް ހެއްޔެވެ. މިއަދު ޒޫރިން ތަޙައްމަލު އެ ކުރަނީ އޭނާ ޒޫރިންއަށް ދިން އަނިޔާއަށެވެ. އީތަންގެ މުޅި ޟަމީރު ލަދުވެތިކަމުން އިސްޖަހާލިއެވެ. ހޮނުގުގުރިއަކަށްވުރެ ވެސް ބާރަށް ދެ ކަންފަތުގައި ގުގުމަމުން ދިޔައީ އަމިއްލަ ހިތުގެ ރުއިމެވެ. ސިކުނޑީގެ އަޑުލުމާއިއެކު ލޮލަށް ދައްކަން މަސައްކަތްކުރަމުން ދިޔައީ ޒޫރިންގެ މައުސޫމުކަމާއި އޭނާގެ ތެދުވެރި ލޯބީގައި އީތަން ކޮޅުފައިން ޖެހި ގޮތެވެ. އެ ހިތި މަންޒަރުތަކެވެ. އެހިނދު ގަދަ ހަޅޭކަކަށްވެގެން ވައިރޯޅިއާ އެކުވެ ދާނަމޭ އީތަންގެ ހިތަށް އެރިއެވެ.

ޒޫރިންގެ ގައިގާ ތަޅާ ނިމުމާއެކު އޭނާގެ މައިންބަފައިންނާ އޭނާ ހަވާލުކުރިއެވެ. ހުރި ތަނުން ކުރިއަށް ފިޔަވަޅެއް އަޅާނުލެވިފައި ހުރި ފަދައިން ޒޫރިން ހުއްޓެވެ. އޭރު ވެސް އޭނާގެ ނަޒަރު ހުއްޓިފައި ހުރީ އީތަންއަށެވެ. އެއްވެފައި ތިބި މީހުންތައް ރޫޅި އެމީހެއްގެ އާންމު ދިރިއުޅުމާއިގެން އެމީހަކު އުޅެގަތެވެ. ނަމަވެސް އީތަން އާއި ޝައުންއަށް ހުއްޓުން އަރާފައި ތިބެވުނީއެވެ. އޭރު ތަހުސީނު އައިސް ޒޫރިންގެ ކުރިމަތީ ހުއްޓިއްޖެއެވެ. އެތަނުގައި ދެންތިބި ބަޔަކަށް އޭނާގެ ވިސްނުމެއް ނުހިންގައެވެ. އަވަހަށް ބެލީ މީހުންތަކުގެ ބެލުންތަކުން ދަރިފުޅު ސަލާމަތްކޮށްގެން ގެންދެވޭތޯއެވެ. އެހެންވެ އެވަގުތަށް އީތަން އާއި ޒޫރިންގެ އަމާޒުވެފައި ހުރި ނަޒަރާއި ދެމެދަށް ހުރަކަށް ވެގެން ދިޔައީ ތަހުސީނެވެ.

ތަހުސީނު އައިސް ޒޫރިންގެ ދެ ކޮނޑުގައި ހިފަހައްޓާލުމާއެކު އޭނާގެ ގަމީހުގައި ޒޫރިން އެލިގަތެވެ. ދެ ފައި ތުރުތުރު އަޅާވަރުން ކުރިއަށް ހިނގައިނުގަނެވޭނޭކަން ޒޫރިންއަށް ޔަޤީންވުމާއެކު އަމިއްލަ ފަޔަށް ބަލާލާފައި ތަހުސީނަށް ބަލާލިއެވެ. އެހިނދު ޒޫރިންގެ ތުރުތުރު އަޅަމުން ދިޔަ ދެފައި ތަހުސީނުގެ ލޮލުގައި ވެސް އަޅައިގަތެވެ. ވަގުތުން ޒޫރިންގެ ފެންކަޅިވެފައިވާ ދެ ލޯ ފުހެލުމާއެކު ތަހުސީނު އޭނާގެ އަތްދަނޑިމައްޗަށް ދަރިފުޅު އުފުލާލިއެވެ.

“ބައްޕަ މިހިރީނު… ބައްޕައަށް ރީން ގެންދެވޭނެ…” ދަރިފުޅު ގަޔާ ކައިރިކޮށްލައިގެން ކާރާ ދިމާއަށް އަވަސް ފިޔަވަޅުގައި ހިނގައިގަންނަމުން ތަހުސީނު ބުނެލިއެވެ. އޭނާއާއެކު ރޭޝްމާ ވެސް ކާރާ ދިމާއަށް ހިނގައިގަތެވެ. އޭރު ތަހުސީނުގެ މޭގައި މޫނުފޮރުވާލައިގެން އޮތް ރީންއަށް ބާރަށް ރޮވިއްޖެއެވެ.

ކާރުގެ ފަހަތުސީޓުގައި ޒޫރިން ހަމަޖައްސާލުމާއެކު ކާރު ދުއްވާލުމަށް ކުރީ ސީޓަށް ތަހުސީނު އެރިއެވެ. އޭނާއާ ޖެހިގެން ރޭޝްމާ އިނެވެ. މުޅި ކާރުގައި އިވެމުންދިޔައީ ޒޫރިންގެ ރުއިމުގެ އަޑެވެ. ހިމޭންކަން ޚިޔާރުކޮށްގެން އިން ތަހުސީނު ދެ ތުންފަތް ބައްދަމުން ދިޔަ ނަމަވެސް ދެ ލޮލަށް ޖަމާވި ކަރުނައެއް ނުހިފެއްޓުނެވެ. މޫނު އަނބުރާލަމުން ތުނބުޅި މަތިމަހުގައި ހާކާލި އަތުން ސިއްރުން ކަހަލަ ގޮތަކަށް ތަހުސީނު އޭނާގެ ދެ ލޯ ފުހުނެވެ. އޭރު މޭގައި ޝަމްޢާން ބޮނޑިކޮށްލައިގެން އިން ރޭޝްމާއަށް ވެސް ރޮވެނީއެވެ.

“ދަރިފުޅާ… ރީން… ދެން ހުއްޓާލާ… އެކަން އެ ނިމުނީ….” ރޭޝްމާގެ މައިވަންތަކަމުގެ ލަގޮނޑިއަށް ކެތްނުވެގެން ބުނެލިއެވެ. ނަމަވަސް ފަހަތު ސީޓުގައި ފައިކުރުކޮށްލައިގެން އަރިއަކަށް އޮތް ޒޫރިންއަށް އޭނާގެ ރުއިން ހުއްޓައެއް ނުލެވުނެވެ.

އާންމުކޮށް ތަހުސީނު ކާރު ދުއްވާ ދުވެއްޔަށްވުރެ ބާރަށް ދުއްވާފައި އައިސް ހ.ބުލޫމޫންގޭ ކައިރީ ކާރު ޕާކުކޮށްލިއެވެ. އަދި އަވަސްއަރުވާލާފައި ކާރުން ފައިބައިގެން ފަހަތު ދޮރުފަތް ހުޅުވާލުމަށް އައެވެ.

“އަހަރެން މިދަނީ ރީން ގެންނަން ވާއިރަށް މިސޮރު ކުޑައެނދަށްލާން” ރޭޝްމާ މިހެން ބުނެފައި ހަލުވިކޮށް ހިނގާފައި ގޮސް ގޭގެ ދޮރޯށި ހުޅުވާލާފައި އެތެރެއަށް ވަދެއްޖެއެވެ.

“ރީން… ދަރިފުޅާ…” ޒޫރިންގެ ފައިގައި ތަހުސީނު އަތްޖައްސާލަމުން ގޮވާލިއެވެ. އެއާއެކު ދެއަތުން މޫނު ފުހެލާފައި ޒޫރިން ސީޓުމަތިން ދެމެމުން ކަހަލަ ގޮތަކަށް ތިރިއަށް ފައިބަން އުޅުނެވެ. އެހިނދު އޭނާގެ އަތުގައި ތަހުސީނު ހިފިއެވެ. ދަރިފުޅުގެ ނިތްކުރީގައި ބޮސްދީފައި އަތްދަނޑިމައްޗަށް ޒޫރިން އުފުލާލިއެވެ. އަތްދަނޑިމަތީގައި އޮތް ޒޫރިންގެ އުމުރާ ބަލާފައި އޭނާގެ ހަށިގަނޑުގެ އަނަރޫފަކަން ތަހުސީނަށް އިހުސާސްވިއެވެ. އެ ދަރިފުޅުގެ މުޅި ދިރިއުޅުން ހިތާމަ އާއި ހިތްދަތިކަމުގެ އަސަރުން ކަޅިވަމުން ދާތަން ދުށުމަކީ ބަފައެއްގެ ހިތަށް ކެތްވާވަރު ކަމަކަށް ނުވިއެވެ.

ޒޫރިންގެ ކޮޓަރިއާ ހަމައަށް ތަހުސީނުގެ އަތްމަތީގައި އޭނާ ގެންދިޔައިރު ތަހުސީނުގެ ލޮލުން ވެއްޓުނު ކަރުނަތިކި ޒޫރިންގެ ކޯތާފަތުގައި ބީހިލުމާއެކު އޭނާގެ ކަރުނައާ އެކުވެގެން ހިނގައްޖެއެވެ. ވޭނީ ގޮތަކަށް ޒޫރިންއަށް ތަހުސީނުގެ މޫނަށް ބަލާލެވުނެވެ. އޭނާގެ ހިތަށް އިހުނަށްވުރެ ފުން އަސަރުތަކެއް ކުރެވިގެން ދިޔައީ ތަހުސީނުގެ ތެމިފައިވާ ދެ ލޯ ފެނިފައެވެ.

“ބައްޕާ… ބައްޕާ…” ލޯތްބާއިއެކު ޒޫރިން ގޮވާލިއެވެ. އެހިނދު ކުރިއަށްވުރެ ބޮޑަށް ތަހުސީނު އޭނާގެ މޭގައި ދަރިފުޅު ފޮރުވާލިއެވެ. އަނގައިން ބުނާނޭ ހިތްވަރެއް އޭނާގެ ނެތެވެ. މިއަދު އޭނާ ދުށީ އެއްވެސް ބަފައަކު ދުށުމަށް އެދޭނޭ ކަމެއްނޫނެވެ. އަމިއްލަ ކުށުން ބަރިއްޔަވެވެން އޭނާއަކަށް ދުވަހަކު ވެސް ނެތްކަމުގެ އިހުސާސްކުރެވެމުންދިޔައެވެ.

“ޝަމްޢާނު ގޮވައިގެން ތަހުސީނު ބޭރުގައި މަޑުކޮށްލަންވީނު. ރީން ފެންވަރުވާލާ އެއްޗެހި ބަދަލުކޮށްލާފައި ނުކުންނާނަން” ލައިގެން ހުރި ހަރުވާޅުގެ ފައިކުރި ކަކުލާ ހަމައަށް އޮޅާލައިގެން ފާޚާނާއިން ނުކުން ރޭޝްމާއަށް ތަހުސީނު ފެނުމުން ބުނެލިއެވެ. އެއާއެކު ބޯޖަހާލާފައި ކުޑައެނދުގައި އޮތް ޝަމްޢާނު އުރާލައިގެން ތަހުސީނު އެ ކޮޓަރިން ނުކުތެވެ. ތަހުސީނު އޭނާ ބޭއްވި  ގޮތަށް ބަންޑުން އެނދުގައި އޮށޯވެލައިގެން ޒޫރިން އޮތެވެ.

ރޭޝްމާގެ އެހީގައި ޒޫރިން ތެދުވެ ފާޚާނާއަށް ވަނެވެ. ޒޫރިން ރޯތީވެ ނުރުއިމަށް ރޭޝްމާ އާދޭސްކުރަމުންދިޔައެވެ. ފެންވަރައިގެން ޒޫރިން ނުކުމެ އޭނާއަށް ތައްޔާރުކޮށްފައި ހުރި ދޫ ޓީޝާޓާއި ދިގު ހަރުވާޅުކޮޅު ލިއެވެ. އެނދުގައި ޒޫރިން އޮށޯވެލައިގެން އޮތްއިރު އޭނާގެ އިސްތަށިގަނޑު ރޭޝްމާ ރީތިކޮށް އޮމާންކޮށްދިނެވެ. އަދި ތެތްކަން ހިކެންދެން ނިއުޅާލާފައި ބޭއްވިއެވެ.

“ރީން… ދެން ނުރޮއެ ހުއްޓާލާ… އެކަން އެ ނިމުނީ. ދަރިފުޅުގެ ހައްޤު ދަރިފުޅު އަދާކޮށްފިން. މިހާރު ދެން މީހަކަށް ކިޔޭނޭ އެއްޗެއް ނޯންނާނެ. އިރާދަކުރެއްވިއްޔާ ދަރިފުޅަށް ތެދުވެލެވޭވަރުވީމާ ފުރަންވީ. ދެން އަހަރުމެން މިކޮޅުގައި އެންމެ ދުވަހެއް ވެސް މަޑެއްނުކުރާނަން” ރޭޝްމާގެ ވާހަކަތައް އިވިފައި ޒޫރިންގެ ރުއިންވީ ގަދައެވެ. އެކަމާ ރޭޝްމާ ހައިރާންވިއެވެ.

“ރީން… ކޮންކަމަކާތަ ދަރިފުޅު ތިހާ ދެރަވެގެން ތި ރޮނީ… މަންމަ މިބުނީނު ދެން ފުރަންވީއޭ… އެކަމަކު މަންމައަށް ހީވަނީ ރީންއަށް ކޮންމެވެސް އެހެން ގޮތެއްވާހެން. އަޅެ ބުނެބަލަ… ތަދުވާތީތަ ހަމަ ތި ރޮނީ. ދަރިފުޅު ހިކިކަމުން މަންމައަށް އެނގޭ ވަރަށް ތަދުވާނެކަން”

“މަންމާ…” އެނދުގެ މަގަތުގައި އިށީނދެގެން އިން ރޭޝްމާއަށް ގޮވާލަމުން ޒޫރިން އޭނާގެ އުނގުގައި ބޯއަޅާލިއެވެ.

އެތައްއިރަކު ރުއިމަށްފަހު ޒޫރިންގެ ދެ ލޯ މަޑުމަޑުން މެރުނެވެ. ފުންނޭވާއެއް ލުމާއެކު ރޭޝްމާއަށް ލޯ މަރާލެވުނެވެ. ޒޫރިންއަށް ނިދުނީކަން އެނގުމުން ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ހިތަށް ލިބިގެން ދިޔައެވެ. މަޑުމަޑުން ޒޫރިންގެ ބޯ ހިއްލާލާ ރޭޝްމާ ތެދުވިއެވެ. އަދި ބާލީސް ގެނެސް އެ ދޭތެރެއަށް ލައްވާލިއެވެ.

* * * *

ތިރީތުންފަތުގައި ދަތްއަޅާލެވުމާއެކު އީތަންގެ ނިތަށް ރޫޖެހިގެން ދިޔައެވެ. މަގުމައްޗާވީ ފަރާތަށް އޭނާ އެނބުރިލަމުން ދެ ލޮލަށް ޖަމާވި ކަރުނަތައް ކަނާތުގެ ދެއިނގިލިން ވަރަށް ނޫންކަމަށް ހަދާ ފުހެލިއެވެ. އޭރު ވެސް އޭނާގެ ވައަތް އޮތީ މުއްކާލެވިފައެވެ. ޝައުން އައިސް އީތަންގެ ކޮނޑުގައި އަތްޖައްސާލިއެވެ.

“އީތަން، އަތްތިއޮތީ ފަޅައިގެންގޮސްފައި… ހިނގާ އަހަންނާއެކު…” އީތަންގެ މުއްކަވާލެވިފައިވާ އަތަށް ބަލާލާފައި ޝައުން ބުނެލިއެވެ. ދެން ވެސް އީތަން އަނގައިން ނުބުނެ ހުންނަން ފެށުމުން އޭނާގެ އަތުގައި ހިފައި ޝައުންގެ ކާރާ ދިމާއަށް ގެންދަންފެށިއެވެ.

ކާރުގައި ޝައުން ދުއްވަމުން ދިޔައީ އޭނާގެ ގެއާ ދިމާއަށެވެ. އެވަގުތު ކާރުގައި އިންދާ އީތަންގެ ފޯނު ރިންގުވާންފެށިއެވެ. ނަމަވެސް ފޯނަށް ޖަވާބުދޭކަށް އޭނާ ބޭނުންވާހެނެއް ހިޔެއްނުވެއެވެ. ދޮރުފަތުގެ ބިއްލޫރިގަނޑުގައި ބޯޖައްސާލައިގެން ދުރަށް ނަޒަރު ހުއްޓާލައިގެން އިން ގޮތަށް އީތަން އިނީއެވެ. ދޭތެރެއަކުން އޭނާގެ ލޯ ފުހެލާތަން ޝައުންއަށް ވެސް ފެނެއެވެ.

އީތަންގެ އަތުގައި ޝައުން ހިފަހައްޓައިގެން ހުރެ އޭނާ ގޮވައިގެން އައިސް ޝައުން އުޅޭ އެޕާޓްމެންޓަށް ވަނެވެ. ސޯފާގައި އީތަން ބައިންދާފައި ޝައުން ދުވަމުން ގޮސް ކަބަޑުތެރެއިން ފަސްޓްއެއިޑު ފޮށި ނަގައިގެން އައިސް އީތަންގެ ގާތުގައި ސޯފާގައި އިށީނެވެ. އަދި ނިކަން ބާރަށް ގޭގައި މަސައްކަތްކުރަން އުޅޭ ނޯކަރު ކުއްޖާއަށް ގޮވާލިއެވެ.

“ޖަޔާ… ފްރިޖުގަ އޮތް އައިސްޕެކު ގެނެސްބަލަ” ބިދޭސީ ނޯކަރުކުއްޖާ އައިސް ހުއްޓުމާއެކު ޝައުން ބުނެލިއެވެ. ގޭތެރޭގައި އަޑުގަދަ ވެގެން ކޮޓަރީގައި އިސްތިރިކުރަން ހުރެފައި މީޒާ ނުކުމެގެން އައެވެ. އޭނާއަށް ސޯފާގައި ފަސްޓްއެއިޑު ފޮށި ހިފައިގެން އިން ޝައުން އާއި އީތަން ފެނުމުން ކަންބޮޑުވިއެވެ.

“ސުބުހާނައްﷲ… ކީއްކުރަން ހަދައިގެން ތިވަރުވީ… ތިއޮތީ މުޅިން ދުޅަ ވެސް ވެފައެއްނު” ޝައުން ހިފަހައްޓާލައިގެން އިން އީތަންގެ އަތް މީޒާއަށް ފެނުމާއެކު ބުނެލިއެވެ.

“ޝައުން… ދީ މަންމައަތަށް ސާފުކޮށްލާނަން. އައިސްޕެކު ގެނެސްބަލަ، މި ދުޅަ މަޑުވާނީ އޭރުން”

“ޖަޔާ އެ ދިޔައީ އައިސްޕެކު ބަލާ”

“ކީކޮއްފަތަ ތިއައީ… އަނެއްކާ ކުދިބަޔަކާ ތަޅައިގަތީތަ؟ މީ އޮފީހުގައި އުޅެންވީ ވަގުތެއްނޫންތަ؟ އީތަން… ވަރަށް ތަދުވާތި ދޯ ތި އިނީ” މީޒާގެ ސުވާލުތައް ފައްޗަކަށް އަމުނާލިއެވެ. އީތަން އިސްޖެހިފައި އިންގޮތުން އޭނާ އެއްވެސް އެއްޗެއް ނުބުނާނޭކަން ޝައުންއަށް ޔަޤީންވިއެވެ. އެހިނދު މީޒާގެ ހިތްހަމަޖައްސައިދިނުމަށް ޝައުން ވާހަކަދައްކަންފެށިއެވެ.

“މަންމާ. ތިހާ ވަރަށް ހާސްނުވެބަލަ. އަޅުގަނޑުމެން ގޯސްކަމެއް ކުރާކަށް ނޫނޭ އުޅުނީ. އީތަންއަށް އަންހެންކުއްޖަކު ފެނިގެން ކުޑަ އެކްސިޑެންޓެއް ހިނގީ…”

“ސާބަސް ކަލޭމެން ދެ މީހުންނަށް. އަންހެންކުދިންނަށް ފޮނިދައްކަން އުޅުނަސް މީ ބޮޑުވަރެއްނު”  މީޒާ ހިނިއައިސްފައި އިނދެ ބުނެލިއެވެ. އަދި އީތަންގެ އަތުގައި ލޭ އައިސްފައި ހުރި ދެތަންކޮޅެއް ސާފުކޮށްފައި އައިސްޕެކު އަޅައިގެން އިނުމަށް ބުންޏެވެ. މީޒާ އިސްތިރިކޮށް ނިންމާލާފައި އައިސް އީތަންގެ އަތް ބަލާލިއެވެ. އަދި އެ އަތުގައި ބޭސް ހާކާދިނުމަށްފަހު މެންދުރު ކާން ބަދިގެ ފަރާތަށް އައުމަށް އެ ދުނެވެ.

“ޝައުން… އަހަރެން ބޭނުންވަނީ ގެއަށް ދާން”

“ހިނގާ… އެކަމަކު މަންމަ ކާން ބުނީމަ ނުކައިތަ ދަނީ”

“އަހަރެން ކާހިތެއްނެތް”

އީތަންއަށް ވެފައި ހުރި ގޮތް ޝައުންއަށް ވަރަށް ރަނގަޅަށް އެނގެއެވެ. އެހެންވެ އިތުރަށް އޭނާ އީތަންގެ ޚިޔާލު ބަދަލުކުރެވޭތޯ މަސައްކަތެއް ނުކުރިއެވެ. އެކުވެރިޔާ ގޮވައިގެން އޭނާގެ ކާރުގައި އީތަންގެ ގެއަށް އައެވެ.

“އީތަން! އަހަންނަށް ކޮށްދެވޭނޭކަމެއް އޮތިއްޔާ އީތަން ބުނޭ. އަހަރެން މިހިރީ އީތަންއަށް އެހީވެދޭން. އަހަރެންގެ ޚިޔާލެއް ބޭނުންނަމަ  ބުނަން އޮތީ އީތަންގެ ހިތުގައިވާ އެއްޗެއް ރީން ގާތުގައި ބުނާށޭ. މިހާރު ވެސް މާލަސްވެއްޖެކަންނޭނގެ. އިތުރަށް މަޑުކުރާނަމަ މިހާރު ލިބިފައި އޮތް ފުރުޞަތު ވެސް ގެއްލިދާނެ…. ރީންއަށް ގުޅާ… އޭނާގެ ގާތަށް ދޭ… އެހެންނޫނީ އީތަންއަށް ވެސް ހަމަޖެހުމެއްނުލިބޭނެ. އެނގޭ މިއަދު ތި ހުރީ ވަރަށް ދެރަވެފައިކަން… ސޯ ޑޯންޓް ވޭސްޓް އެނީ ޓައިމް… ޓެލް ހާ އެވްރިތިންގ” ކާރުން ފައިބައިގެން އީތަން ހިނގައިގަތުމާއެކު ޝައުން އޭނާގެ އެކުވެރިޔާއަށް ގޮވާ މަޑުކުރުވުމަށްފަހު އޭނާގެ ޚިޔާލު ހާމަކުރިއެވެ.

އެތައް ފަހަރަކު ގުޅުމުން އީތަން ފޯނު ނުނެގީތީ ޖަޒްލާގެ ގާތަށް ރުޅިއައެވެ. ދަތްކުނޑިވިކަވިކާފައި ކުދިކިޔަމުން ކައިލަންއަށް ގުޅިއެވެ. އޭނާ ވެސް ފޯނު ނެގީ ދެ ފަހަރަކު ގުޅި ފަހުންނެވެ.

“ފޯނު ނަގަން އެނގިއްޖެ ދޯ ކައިލްއަށް… ހިނގާ ރިސޯޓަށްދާން… އަހަރެން ރެޑީ.. ހިނގާ ދާން… އެންމެ ސިކުންތަކަށް ވެސް މިތާކު ހުންނާކަށް ބޭނުމެއްނޫން” ޖަޒްލާގެ ވާހަކަދެއްކުމުގައި ހުރި އަވަސްކަމާއި ރާގުން އޭނާ ހުރީ ހިތްހަމަނުޖެހިފައިކަން ދެނެގަންނާކަށް ކައިލަންއަށް އުނދަގުލެއްނުވިއެވެ.

“ކިހިނެއްވީ؟ އަހަންނަށް އެނގޭ ޖޭޒް ތިހިރީ ކަމަކާ ރުޅި އައިސްފައިކަން”

“މިހާރަކުނޫން އެ ވާހަކަދައްކާނީ… ކައިލްގެ ބައްޕަ ބުންޏެއްނު އަހަރެން ގޮވައިގެން ރިސޯޓަށް އަންނަން. އެހެންވީމަ ހިނގާ… އަހަރެން ރެޑީ. ކޮންތާކަށް ދާންވީ. ތި ގެއަށް ދަންތަ؟”

“އުހުން! ޖޭޒް ގޭގައި މަޑުކުރޭ… ހުރިހާ ކަމެއް ހަމަޖައްސާލާފައި އަހަރެން މިދަނީ ޖޭޒް ބަލާ. ނުވާނެ ގިނައިރެއް”

“އަވަހަށް އަންނާތި. އެހެންނޫނީ އަހަރެން މޮޔަވެދާނެ… ކައިލް ޕްލީޒް… އަވަހަށް އާދޭ އަހަރެން ބަލާ” ޖަޒްލާ އެންމެ ފަހުން ބުނެލި ޖުމްލައިން ކައިލަންއަށް ތަފާތު އިހުސާސެއް ކުރެވިގެން ދިޔައެވެ. ހަމައެއާއެކު އޭނާއަށް ބަޔާންކުރަން ދަތި ހިތްދަތިކަމެއް ވެސް އިހުސާސްކުރެވުނެވެ. ކުރަމުން އަންނަ ދިގު އިންތިޒާރަށް ނިމުމެއްނެތްކަމުގައި ސިކުނޑި ވިސްނައިދިނަސް އެއަޑަށް މީގެ ކުރިން ވެސް ދިންފަދަ ބީރު ކަންފަތެއް ކައިލަން ދިނެވެ.

އަފީފަށް ޚަބަރު ލިބުމާއެކު ވީ އެންމެ އަވަހަކަށް ކައިލަން އާއި ޖަޒްލާއަށް އޭނާ ހުރި ރިސޯޓަށް އައުމުގެ ކަންކަން ހަމަޖައްސައިދިނެވެ. އެހެންވެ އިރުއޮއްސެން ވާއިރަށް ކައިލަން އާއި ޖަޒްލާ ތިބީ އަފީފުގެ ގާތުގައެވެ. އޭނާ ނިކަން އުފަލުން މާހިރުއަށް ކައިލަން އާއި ޖަޒްލާ ތަޢާރުފުކޮށްދިނެވެ. އަފީފު ސީދާ ނުބުނިކަމުގައި ވިޔަސް ކޮންމެ މީހަކަށް ވެސް ހީވަނީ ޖަޒްލާއަކީ އަފީފުގެ ވާން އުޅޭ ޅީދަރިފުޅު ހެންނެވެ. މާހިރަށް ވެސް ޤަބޫލުކުރެވުނީ އެހެންނެވެ. ކައިލަން އާއި ޖަޒްލާއަށް އެމީހުން ބޭނުން މުއްދަތެއްގައި ތިބެވޭނޭ އިންތިޒާމު މާހިރު ހަމަޖައްސައިދިނެވެ.

އިރުއޮއްސެމުން ދިޔަ މަންޒަރު ބަލާލުމަށް އެތައް ބަޔަކު ރިސޯޓުގެ އަތިރިމައްޗަށް އެއްވެފައި ތިއްބެވެ. ދުރުގައި ޖަހާފައި ހުރި ގޮނޑިތަކާއި އަތިރިމަތީގެ ބަޔަކަށް ދެމިފައި އޮތް ރެސްޓޯރެންޓުގެ ބައިގައި ހުރި މޭޒުތައް ދޮށަށް ދަންދެން މީހުން ތިއްބެވެ. އެމީހުންތަކުގެ ތެރެއިން ރުކެއްގެ ކައިރީ އެކަހެރިކޮށް ހުރި ގޮނޑިއެއްގައި ޖަޒްލާ ދެފައިނަގާ މެޔާކައިރިކޮށްލައިގެން ދުރަށް ނަޒަރު ހުއްޓާލައިގެން އިނެވެ. ދޭތެރެއަކުން އޭނާ އިސްޖަހާލާފައި އުފުލާލައެވެ. ހަމައެއާއެކު އެއްއަތުން ދެ ލޯ ފުހެލައެވެ.

“ޖޭޒް… މިތާތަ؟ ހާދަ ވަރަކަށް ހޯދައިފީމޭ… މި މީހުންތަކުގެ ތެރޭ ކިހިނެއްވެފައި ތިއިނީ… ޖޭޒް ވެސް ސަންސެޓް ބަލަނީތަ” ހުރަސްރޮނގު ދެމި ޓީޝާޓަކާއި ސޯޓުބުރިއެއް ލައިގެން ހުރެ ހުސްފައިގައި ހިނގާފައި އައި ކައިލަންއަށް ޖަޒްލާ ފެނުމުން ކައިރިއަށް އައިސް ބުނެލިއެވެ. އެވަގުތު ޖަޒްލާ ދެ ލޯ ފުހެލިތަން އޭނާއަށް ފެނުނެވެ.

“ހޭ ބިއުޓިފުލް… ރޮނީތަ؟” ޖަޒްލާ އިށީނދެގެން އިން ގޮނޑީގެ އެއްފަރާތުގައި ކައިލަން އިށީނދެފައި އަހާލިއެވެ. އަދި ބޯއަރިކޮށް ޖަޒްލާގެ މޫނަށް ބަލާލިއެވެ. އެއާއެކު ޖަޒްލާ މޫނު އަނބުރާލީ ކައިލަންއާ ދުރަށެވެ.

“ޖޭޒް… ލޯތްބަކީ ކިހާ އެހެންކަހަލަ އެއްޗެއް. އެންމެންނަކަށް އެމީހަކު ލޯބިވާ މީހާއެއް ނުލިބޭނެކަން މިއަދު އަހަންނަށްވުރެ ބޮޑަށް އެނގޭނެ މީހަކު ނުހުންނާނެ… މީގެ ކުރިން އަހަރެން އެކަމާ ހިތާމައެއްނުކުރަން. އެކަމަކު މިއަދު…. މިހާރު… ވަރަށް ހިތަށް ތަދުވޭ… އަހަރެން ލޯބިވާ މީހާ އަހަންނަށް ނުލިބުނަސް އަހަރެން ބޭނުންވަނީ އޭނާ ވަރަށް އުފަލުގައި ހުންނަން. އެކަން އެހެނެއްނުވި… ދެރަވަނީ އެހެންވެ… ބައެއްފަހަރު ހިތަށްއަރާ އަމިއްލަ މީހަކަށް އޭނާ ހަދާފާނަމޭ. އަދި ދުނިޔޭގެ ހުރިހާ އުފަލެއް އޭނާއަށް ހޯދައިދޭނަމޭ… އެކަމަކު… އޭނާއަށް އަހަރެން ލޯބިވާކަން އެނގިއްޖެނަމަ އެ ލޯބި ޤަބޫލުކުރާނެކަމުގެ އެއްވެސް ޔަޤީންކަމެއްނެތް. އެހެންވީމަ ލޯތްބަކީ ކިހާ ނާއިންސާފު އެއްޗެއް… ބައެއްމީހުންނަށް ވޭނާ ހިތްދަތިކަން ނޫން އެއްޗެއް އެ ލޯބި ނުދޭ…” ކައިލަންގެ ވާހަކަ މިހިސާބަށް ދިއުމާއެކު އޭނާގެ ގައިގާ ޖަޒްލާ އޮޅުލައިގަތެވެ. ކައިލަންގެ ކަނދުރާދޮށުގައި މޫނު ފޮރުވާލައިގެން އޮވެ ޖަޒްލާ ރުޔެވެ. އޭނާގެ ބޮލުގައި ފިރުމާލުމާއެކު ޖަޒްލާގެ ގައިގާ ކައިލަންގެ ދެއަތް ވަށާ ބާރުކޮށްލިއެވެ.

“ކީއްވެތަ ލޯބިނުވާ މީހުންދެކެ ލޯބިވާންވީ” ރޮމުން ރޮމުން ޖަޒްލާ ބުނެލިއެވެ. ނަމަވެސް އެ ސުވާލަށް ދޭނެ ޖަވާބެއް ކައިލަންއަކަށް ނޭނގުނެވެ.

ހިތަށްކުރަމުން ދިޔަ އަސަރުތައް ފޮރުވާލުމާއެކު އޯގާތެރި ފިރުމާލުމަކުން ޖަޒްލާގެ ބުރަކަށީގައި ކައިލަން ފިރުމާލީ ހިތްވަރުދޭ ފަދައިންނެވެ. އިތުރަށް އޭނާއަށް ކޮށްދެވޭނޭކަމެއް ނެތީމައާއެކުއެވެ.

“ޖޭޒް. ދެން ހުއްޓާލާ…”

“އީތަން ކީއްވެތަ ސާފުކޮށް އެއްވެސް ވާހަކައެއް ނުބުނަނީ” ކައިލަންގެ ކޮނޑުގައި ބޯއަޅާލައިގެން އޮވެ ޖަޒްލާ ސުވާލުކުރިއެވެ.

“ޕްލީޒް ޖޭޒް. ތި ސުވާލުތަކަށް ދޭނޭ ޖަވާބެއް އަހަންނަކަށް ނޭނގެ. އީތަންދެކެ އަހަރެން ހިތްހަމަނުޖެހެނީ ވެސް ޖޭޒްއާ މެދު ތިގޮތަށް ކަންތައްކުރާކަން އެނގޭތީވެ….”

“އަހަރެން ދާނަން އީތަން ހޯދަން. އޭނާއަށް ޖެހޭނީ އަހަންނާ ވާހަކަދައްކަން. ކޮންމެވެސް އެއްގޮތަކަށް ނިންމަން… އަހަރެންގެ ސުވާލުތަކަށް ޖަވާބުދޭންޖެހޭނީ…”

“ޖޭޒް، ތިހެން ހެދުމުން ޖޭޒްގެ ހިތްހަލާކުވެދާނޭތީ އަހަރެން ބިރުގަނޭ. ޖޭޒްއާ މެދު އީތަން ވިސްނާނަމަ އޭނާ ޖޭޒްއާ ބައްދަލުކުރީސް. ތިގޮތަށް ޖޭޒް ރޯނީ ކިހާ ދުވަހަކު…. އަހަރެންގެ ހިތަށް ޖޭޒް ރުއިމުން ކިހާ އަސަރެއް ކުރާކަން އެނގޭތަ؟ އަހަރެން ބޭނުމެއްނޫން ލޯތްބަށް އެދި އީތަންގެ ކުރިމަތީ ޖޭޒް ސަލާންޖަހާކަށް… ޖޭޒްއަށް ނޭނގުނަސް ޖޭޒް މުޅި އުމުރުގައި އުފަލުގައި ބަހައްޓައިދޭނޭވަރުގެ މީހުން އެބަތިބި… ޖޭޒްގެ ހިތް ފުރެންދެން ލޯބިދޭނޭ މީހުން އެބަތިބި… ސޯ ޕްލީޒް. އަމިއްލައަށް ހިތްހަލާކުވާން ނޫޅޭ” ޖަޒްލާގެ ހިތްހަމަޖައްސައިދިނުމަށް އެތަކެއް ވާހަކެއް ދެއްކިއިރު އެއްފަހަރު ވެސް ޖަޒްލާއަށްޓަކައި ކައިލަންގެ ހިތުގައިވާ އެއްޗެއް ހާމައެއް ނުކުރެވުނެވެ.

“ކައިލް ކީއްވެތަ ތިހާ ކެއަރ ކުރަނީ… ބައެއް ފަހަރު ހިތަށްއަރާ އީތަންގެ ބަދަލުގައި ކައިލް ދެކެ އަހަންނަށް ލޯބި ވެވުނު ނަމައޭ… ތެންކިޔު ކައިލް… ތެންކިޔު ފޯ އެވްރިތިންގ…” ދެ ލޯ ފުހެލާފައި ކައިލަންގެ ކޮނޑުން ބޯ ނަގާ އޭނާއަށް ޖަޒްލާ ބަލާލާފައި ބުނެލިއެވެ.

“ތިކަހަލަ މޮޔައަންހެންކުދިންދެކެ ކޮންމެ މީހަކު ވެސް ލޯބިވާނެ…. ކިހިނެއް އެނގެނީ އަހަރެންގެ ހިތް އޮތް ގޮތެއް ވެސް ދޯ… ފަހަރެއްގައި ޖޭޒްގެ އިންތިޒާރުގައި ހުރީ ކަމަށް ވެސް ވެދާނެއެއްނު” ކައިލަންގެ ބަސްތަކުން ޖަޒްލާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. އެ ހިނިތުންވުމުގައި އެއްވެސް ސީރިއަސްކަމެއް ނެތްކަން ކައިލަންގެ ޟަމީރު ދެނެގަތެވެ.

* * * *

އީތަން ގެއަށް އައިސް ވަންއިރު ސިޓިންރޫމު ސޯފާގައި ދެފައިވަށްކޮށްލައިގެން ހިންދީ ޑްރާމާއަކަށް ގެއްލިފައި އޭނާގެ ދައްތަ އައިނީ އިނެވެ. ނުހަނު ބޮޑަށް އިސްއޮބާލައިގެން ހުރެ އީތަން މާ އަވަސްއަރުވާލާފައި ދިޔަތަން ފެނިފައި އައިނީ ހައިރާންވިއެވެ. ފުރަތަމަ ވެސް އޭނާއަށް ބަލާލެވުނީ ޓީވީ ރެކުމަތީ ބަހައްޓާފައި ހުރި ގަޑިއަށެވެ. އީތަން އާންމުކޮށް ގެއަށް އަންނަ ވަގުތެއް ނޫންކަން އައިނީއަށް ވެސް އެނގުނެވެ. އައިނީގެ ޑިއުޓީ އޮންނަނީ އެކި ހަފްތާ އެކި ގަޑީގައި ކަމަށްވާތީ ދުވާލުއެއްކޮށް ގޭގައި ހުންނަންޖެހޭ ހަފްތާއާ ވެސް ދިމާވެއެވެ. އެހެންވެ ގޭތެރޭގައި މީހުން އުޅޭނޫޅޭ ގޮތް އައިނީއަށް ވެސް އެނގެއެވެ. ސޯފާއިން ތެދުވެގެން ހަމްރާއަށް ގޮވަން ދާން ހިތަށް އަރާފައި ވެސް އައިނީ މަޑުކޮށްލީ އީތަން އަރާމުކޮށްލަން އޮފީހުން ތަންކޮޅެއް ކުރިން އައީކަމުގައި ޤަބޫލުކޮށްލާފައެވެ. ޓީވީއިން ބަލަން އިން ޑްރާމާއަކީ އައިނީ ވަރަށް ޝައުގުވެރިކަމާއެކު ބަލާ ޑްރާމާއަކަށް ވާތީ އަލުން އެނބުރި ޓީވީއިން ދައްކަމުން ދިޔަ ޑްރާމާއަށް ސަމާލުކަން ހުއްޓާލިއެވެ.

ކޮޓަރީގެ ދޮރުލައްޕާލުމާއެކު ތަޅުލި އީތަންއަށް ދޮރުފަތުގައި ލެނގިލެވުނެވެ. ނިތްކުރިއާއި ބޮލާއެކު ދެއަތުން އީތަންއަށް ހިފަހައްޓާލެވުނެވެ. އެހެން ހުރެފައި ކުއްލިއަކަށް އޭނާގެ ޠަބީޢަތް އެފުށްމިފުށަށް ޖެހިގެން ދިޔައެވެ. ހިތަށްކުރަމުން ދިޔަ އަސަރުތަކަށް ކެތްނުކުރެވިގެން ގޮސް މީހާ ފަޅައިގެން ދިޔަ ކަހަލައެވެ. ޒުވާން އުމުރަށް އެޅިފަހުން އަޑުވީއްލާ އީތަން ރުއި ހަނދާނެއް އޭނާ ނުހުރެއެވެ. އެހެންނަމަވެސް މިހާރު މޫނުގައި ދެއަތްއަޅައިގެން ހުރެ އީތަންއަށް ބާރަށް ރޮވެނީއެވެ. ދުލުން “ރީން”ގެ ނަން ކިޔާލުމާއެކު އޭނާގެ ރުއިން ގަދަވެއެވެ. އެތައް އިރަކު އީތަން ރޮމުން ދިޔައިރު ހީވަނީ ހިތުގައިލާފައިވާ ކުށުގެ ލައްގަނޑު ކަރުނައިން ދޮވެވޭތޯ މަސައްކަތް ކުރަނީ ހެންނެވެ. ނަމަވެސް އެހެންވާނީ ކިހިނެއްހެއްޔެވެ. ޚުދު އޭނާއަށް ވެސް ކުރެވުނު ކުށަކީ ދުވަހަކު ވެސް ފުހެވިގެން ނުދާނޭވަރުގެ ކުށެއްކަން މިއަދު އެނގިއްޖެއެވެ. ހިތުގެ ޒަހަމްތަކުން އޮހޮރެމުންދިޔަ ލޭ ދެ ލޮލުން ކަރުނައިގެ ސިފައިގައި އޮހެމުން ދިޔައީ އެހެންވެއެވެ. ލޭކަރުނަ އޮހޮރެމުންދިޔައިރު އީތަންގެ މުޅި ޟަމީރު ވެސް އޭނާއަށް މަލާމާތްކުރާ ކަހަލައެވެ. ޒޫރިންގެ ޚިޔާލުތައް ފިޔަވާ އެހެން ހުރިހާ ތަނެއް ފެނުމުން އީތަން މަހުރޫމުވެފައި ހުރި ކަހަލައެވެ. މޭގައި އަތްއަޅާލުމާއެކު ހުރި ދިމާ ތިރިއަށް އީތަން ތިރިވިއެވެ. ކަރުގައި އޮތް ޓައީ ކަރަށް ބާރުވަމުން ދާހެން ހީވާން ފެށުމުން ދެއަތުން އެ ޓައީ ދޫކޮށްލުމާއެކު ކަރުން ނަގާ އަތުކޮޅަށް އެއްލާލިއެވެ. އެވަރުން ވެސް އޭނާއަކަށް ނުފުދުނެވެ. މޭ ވެސް ފިތެނީއެވެ. ހިތް ކުދިކުދިވަނީއެވެ. ދެއަތުން ހިފާ ގަމީސް ފޭކޮށްލުމާއެކު ގޮއްވަޅުތަކުން ގޮއްތައް އުފުރި އެކިދިމަދިމާއަށް ވިއްސައިގެން ދިޔައެވެ. ކޮންމެ ގޮތަކަށް އީތަން ވިސްނިޔަސް ވެސް ކުށްވެރިއަކީ އޭނާ ކަމުގައި ޤަބޫލުކުރެވިއްޖެއެވެ. އަމިއްލަ ޟަމީރު ހޭލައިފިއެވެ. އިތުރަށް ވިސްނިވަރަކަށް މުޅި މީހާ ގެނބެމުންދާހެން ހީވާންފަށައިފިއެވެ. ޤަބޫލުކުރެވެއެވެ. އޭނާއަށް މަގުއޮޅި މަގުން ކައްސާލީއެވެ. ޒިންމާތައް ނެގުމުގައި ފަސްޖެހެވުނީއެވެ. މި ފަދަ ހާލެއްގައި ވަގުތުތައް ހޭދަވަމުން ދިޔަ ވަރަކަށް މޭގެ ތެރޭގައި އިޚްލާޞްތެރިކަމާއި ލޯބި ފުރި އުތުރޭ ހިތެއް ވިންދުޖަހަމުންދާ ފިރިހެނަކު ހޭލަމުން ދިޔައެވެ. އީތަންގެ މައްޗަށް އެ ފިރިހެނާ ގަދަވަމުން ދިޔައެވެ. އޭނާ ގޮވަމުންދިޔައީ ވީއެންމެ އަވަހަކަށް ޒޫރިންގެ ގާތަށް ގޮސް އޭނާގެ ދެފައި މައްޗަށް ވެއްޓި މަޢާފަށް އެދޭށެވެ. އީތަންގެ މޭގައިވާ ހިތުގައި ލޯބީ ހޭލައްވާލި ފަރާތަކީ ޒޫރިންނެވެ. އެއީ އީތަންގެ އަލަތު ލޯތްބެވެ. އޭނާއަށްޓަކައި އަމިއްލަ ހަށިގަނޑު ޤުރުބާންކުރި އަންހެންކުއްޖާއެވެ.

އީތަން އެނބުރި އޮފީހަށް ނާންނާތީ ނުފައިލު އޭނާއަށް އެތައް ފަހަރަކު ގުޅިއެވެ. އެތައް މެސެޖެއް ކުރިއެވެ. ދުވަހަކު ވެސް އީތަންގެ ފަރާތުން އެގޮތަށް ޚަބަރެއްނުވެއެއް ނުދެއެވެ. އެހެންވެ ނުފައިލު ވަރަށް ބޮޑަށް ކަންބޮޑުވިއެވެ. އަވަހަށް އޭނާ ނޯޓުކުރަން ގެންގުޅޭ ޑައިރީ ނަގާ އީތަންގެ މަޢުލޫމާތު ލިޔެފައިވާ ސަފުހާ ހުޅުވާލިއެވެ. އީތަންގެ އެޑްރެސް އެނގުމުން ނުފައިލު އޮފީހުން ނުކުތެވެ. އޮފީސް ބަންދުކުރަން ރިސެޕްޝަނުގައި އިން ކުއްޖަކަށް ހަނދާންކޮށްދީފައި ނުކުމެ ޕާކިން ޒޯނުގައި އޮތް އޭނާގެ ކާރާ ދިމާއަށް ނުފައިލު އައެވެ.

ޕާކުކުރާނޭ ތަންކޮޅެއް ނުފައިލަށް ލިބުނީ ބައިގަޑިއެއްހާއިރު އުޅެގެންނެވެ. ކާރު ޕާކުކުރަން ލިބުނީ އީތަންގެ ގެއާ ތަންކޮޅެއް ދުރުގައި ކަމުން ހިނގާލާފައި ނުފައިލު އައިސް އީތަންމެން ގޭ ދޮރޯށި ހުޅުވާލިއެވެ. އަދި ސަލާމްގޮވާލުމުން ޚަބަރެއް ނުވުމާއެކު އެތެރެއަށް ދެތިން ފިޔަވަޅު އަޅާލާފައި އަނެއްކާ ވެސް ސަލާމް ގޮވާލިއެވެ. އެހިނދު އަންހެނަކު ސަލާމް ބަލައިގަތް އަޑުއިވުނެވެ. ނަމަވެސް ފެންނަ ހިސާބަށް އެ މީހަކު ނުކުންނަން ވަގުތުކޮޅެއް ނެގިއެވެ.

“ކޮންކުއްޖެއް؟” ސިޓިންރޫމު ދޮރުމަތީ ހުރި ހަމްރާ ސުވާލުކޮށްލިއެވެ.

“އަޅުގަނޑަށް ކިޔަނީ ނުފައިލު… އީތަން ގޭގައި އެބައުޅޭތޯ؟ އަޅުގަނޑު މިއައީ އީތަންގެ ޚަބަރެއް ނުވެގެން. އޭނާ ރަނގަޅުތޯ؟” ހަމްރާގެ ކައިރިއަށް އައިސް ހުއްޓިލާފައި ނުފައިލު ސުވާލުކުރީ ކަންބޮޑުވެފައެވެ.

“އީތަން މިގަޑީގައިވާނީ އޮފީހުގައި. އަންނާނީ ހަތަރެއްގެ ފަހުން… އީތަންގެ ފޯނަށް ގުޅާލަންވީނު” ހަމްރާ ބުނެލިއެވެ.

“އަޅުގަނޑުގެ އޮފީހުގައި އީތަން މަސައްކަތްކުރަނީ. އަޅުގަނޑުމީ އީތަންގެ ބޮސް. މެންދުރުވާން އުޅެނިކޮށް އީތަން އޮފީހުން ނުކުތީ. އޭގެ ފަހުން އޭނާ އޮފީހަކަށް ނާދޭ. ވަރަށް ގިނަފަހަރު ގުޅައިފިން… ފޯނަށް ޖަވާބެއްނުދޭ. އީތަން ދުވަހަކު ވެސް އަޅުގަނޑު ގުޅައިގެން ފޯނު ނުނަގައެއް ނުހުންނާނެ. އޭނާއަށް ވީގޮތެއް ނޭނގޭތީ ހާސްވެފައި ހުރި ވަރުން މިގެއަށް އަންނަން ޖެހުނީ… އީތަން ގޭގައި އެބައުޅޭތޯ؟”

“އެހެންތަ! ދުރުވޭ އެތެރެއަށް. އަޅުގަނޑުމީ އީތަންގެ މަންމަ. އަންނާނަން އީތަން ގޭގައި އުޅޭތޯ ބަލާލާފައި” ހަމްރާ މިހެން ބުނުމުން ނުފައިލު އެތެރެއަށް ވަދެ ސޯފާގައި މަޑުކޮށްލިއެވެ. ހަމްރާ ހިނގައިގަތީ އެތެރެއަށެވެ. އެވަގުތު ކޮޓަރިން ނުކުމެގެން ޗިޕްސް ދަޅެއް ހިފައިގެން ބަދިގެ ފަރާތަށް ދާން ހިނގައިގަތް އައިނީއާ ހަމްރާ ބައްދަލުވިއެވެ.

“އައިނީ. އީތަން އެބައުޅޭތަ ގޭގައި؟” ހަމްރާ އަވަހަށް އަހާލިއެވެ.

“ލައްބަ. އޭނަ ވެއްޖެ ކޮޓަރީގައި. ކިހިނެއްތޯވީ މަންމާ” އައިނީ ހައިރާންވިއެވެ.

“އީތަންގެ އޮފީސް ބޮޑުމީހާ އެބައިން އޭނާ ހޯދަން އައިސް. ހެނދުނު އޮފީހުން ނުކުން މީހާގެ ޚަބަރެއްނުވެގެން ވީގޮތެއް އޮޅުން ފިލުވަން އައިސް އެ އިނީ”

“އަސްލުތަ؟” އައިނީ މިހެން ބުނެލާފައި އޭނާގެ ޝައުގުވެރިކަން ހުއްޓުނީ އީތަން މަސައްކަތްކުރާ އޮފީހުގެ ވެރިމީހާއަކީ ކާކުތޯ ބެލުމަށެވެ. އެހެންވެ އޭނާ ހިނގައިގަތީ ސިޓިންރޫމާ ދިމާއަށެވެ.

ހަމްރާ އައިސް އީތަންގެ ކޮޓަރީގެ ދޮރުގައި ހިފާލިއިރު ތަޅުލާފައި ހުރުމުން އީތަން އުޅޭކަން ޔަޤީންވިއެވެ. އެހެންވެ ކޮޓަރީގައި ޓަކި ޖަހާލާފައި އީތަންއަށް ގޮވާލިއެވެ. ނަމަވެސް އެއްވެސް ޖަވާބެއް ނައެވެ. އެހެންވެ ދެތިންފަހަރަށް ކޮޓަރީގައި ޓަކިދީފިއެވެ. ދެން ވެސް އީތަންގެ ފަރާތުން ޖަވާބެއްނައެވެ. ހަމްރާ ވެސް ކަންބޮޑުވީ ދެނެވެ. ހިތަށް ފާޑުފާޑުގެ ޚިޔާލުތައް ވަންނަން ފެށިއެވެ. އަވަސް އަވަހަށް ކޮޓަރިއަށް އައިސް އަލަމާރީގެ ވަތްގަނޑުގައި އޮތް ގޭގެ ތަޅުދަނޑުފަތި ހިފައިގެން އީތަންގެ ކޮޓަރި ކައިރިއަށް ހަމްރާ އައެވެ.

“ކިހިނެއްވީ މަންމާ؟ އީތަން ނޫޅެނީތަ؟” ނުފެއިލު ބަލަން ގޮސްފައި އެނބުރި އައި އައިނީއަށް ތަޅުދަނޑިފަތި ހިފައިގެން އުޅޭ ހަމްރާ ފެނުމުން އަހާލިއެވެ.

“ތަޅުލާފައި ހުރީ… ގޮވާ ގޮވާ ޖަވާބެއް ވެސް ނުދިން… ކިހިނެއްކަމެއްވީ އެނގޭނީ ވެސް މި ދޮރު ހުޅުވީމައެއްނު” ހަމްރާ ކަންބޮޑުވެފައި ހުރިވަރު އައިނީއަށް އެނގުނެވެ.

“މަންމާ. އީތަންކޮއްކޮއަށް ނިދުނީކަމަށް ވެސް ވެދާނެ. އެހެންވެ ކަންނޭނގެ ފޯނަށް ޖަވާބު ވެސް ނުދެނީ. އޭނާ ކިހާ ނިދިގަދަކަން މަންމައަށް ވެސް ނޭނގިއެއްނޯންނާނެ. އަޅުގަނޑަށް ހީވަނީ ހަމަ ގަދަ ގުގުރީގައި ކަންނޭނގެ އެ އޮތީ. އެހެންވެ ޚަބަރެއް ނުވެގެން އެ އުޅެނީ” އައިނީ ބޭނުންވީ ހަމްރާގެ ހިތްހަމަޖައްސާދިނުމަށެވެ.

އީތަންގެ ކޮޓަރި ހުޅުވާލުމާއެކު ހަމްރާ އެތެރެއަށް ދެމިގަތެވެ. އޭނާގެ ފަހަތުން އައިނީ ވެސް ވަނެވެ. އެމީހުންނަށް ކޮޓަރިތެރެއަށް އުކާލާފައި އޮތް އީތަންގެ އޮފީސް ހެދުން ފެނުނެވެ. ހަމަ އެވަގުތު ފާޚާނާގައި ފެން އޮހޭ އަޑު ވެސް އިވުނެވެ.

“އީތަން… އީތަން… ދަރިފުޅުގެ ޚަބަރެއް ނުވެގެން އޮފީސް ބޮޑުމީހާ އެބައިން މިގެއަށް އައިސް” ފާޚާނާ ދޮރުކައިރިއަށް ހަމްރާ އައިސް ހުއްޓިލަމުން ބުނެލިއެވެ. އިރުކޮޅަކު މަޑުކޮށްލީ އީތަންގެ ފަރާތުން ޖަވާބެއް ލިބިދާނެކަމަށެވެ. ނަމަވެސް ހިމޭންކަމުގެ ވަގުތު ކޮޅަކަށްފަހު ހަމްރާ އެ ކޮޓަރިން ނުކުތެވެ.

ނުފައިލުގެ ކައިރިއަށް ސިޓިންރޫމަށް ހަމްރާ ނުކުމެ އީތަން އުޅެނީ ފާޚާނާގައި ކަމަށް ބުނެލިއެވެ. އޭނާ ނުކުންނަންދެން މަޑުކޮށްލުމަށް ހަމްރާ އެދުނެވެ. ނުފައިލު އާނއެކޭ ބުނެލުމަށް ބޯޖަހާލުމުން ހަމްރާ ސޯފާގައި އިށީނެވެ. އެތަނުގައި ނުފައިލު އެކަނިވިޔަ ނުދިނުމަށެވެ. ކުޑައިރުކޮޅެއްގެ ތެރޭ ގޭތެރެއިން މެންދުރަށް ގިރާފައި ހުރި އޮރެންޖު ފަނިން ފަނިތަށްތެއް މަތިޖަހައިގެން ތަބަކެއްގައި ބަހައްޓައިގެން އައިނީ އައިސް ނުފައިލުގެ ކުރިމަތީ ހުރި މޭޒުގައި ބަހައްޓާލިއެވެ.

“އީތަންކޮއްކޮގެ ބޮސް ފުރަތަމަ ފަހަރަށް މިގެއަށް އައީމަ އެއްޗެއް ނުދީ ފޮނުވާލާކަށް ނުވާނެއެއްނު. އަޅުގަނޑުމީ އީތަންގެ ދައްތަ. އައިނީ…” ސަމާސާ ގޮތަކަށް އައިނީ ވާހަކަދެއްކިއެވެ.

“ޝުކުރިއްޔާ” ހިނިތުންވެލަމުން ނުފައިލު ބަލަން އިނީ ތަފާތު ނަޒަރަކުންނެވެ. އޭނާ އާއި އައިނީއާ ދެމެދު ހިމޭންކަމުގެ ބަސްމޮށުންތެރިކަމެއް ކުރިއަށް ދާކަހަލައެވެ. އީތަންގެ އޮފީހުގެ ވެރިޔަކީ އެހާ ޒުވާން ވެރިއެއްކަމެއް ކުރިއަކުން އައިނީއަކަށް ނޭނގެއެވެ. ނުފައިލުގެ ގައިގާ އައިނީ ހިތްކިޔާ ކަހަލަ ސިފަތަކެއް ހުރީއެވެ. ފުރަތަމަ ނަޒަރުން ވެސް ނުފައިލު ޚާއްޞަވީއެވެ. އެހެންނަމަވެސް ކުއްލިއަކަށް ހިތައް އަންނަމުން ދިޔަ ބަދަލުތައް އޮބިއަޅަމުން އެކަން ސިއްރުކުރަމުން އައިނީ ދިޔައެވެ.

އީތަން ނުނިކުމެ ގިނައިރު ވުމުން ހަމްރާ އަނެއްކާ ވެސް އީތަންގެ ކޮޓަރިއަށް އެނބުރި އައެވެ. ދޮރުގައި ހިފާލުމާއެކު ހުޅުވިގެން ދިޔައެވެ. އެތެރެއަށް ވަންއިރު އަދިވެސް އީތަން އުޅެނީ ފާޚާނާގައެވެ. ހާސްވެފައި ހުރެ ހަމްރާ އައިސް ފާޚާނާ ދޮރުގައި ޖަހާލިއެވެ. އީތަންއަށް ދެތިން ފަހަރު ގޮވާލިއެވެ. ވީ ކީއްތޯ ވެސް ސުވާލުކުރަން ފެށިއެވެ. ނުފައިލު އަދިވެސް އިނީ އީތަންއާ ބައްދަލުކޮށްފައި ދާން ކަމުގައި ހަމްރާ ބުންޏެވެ. އީތަންއަށް ވެގެން އުޅޭ ގޮތެއް އެއްގޮތަކަށް ވެސް ހަމްރާއަކަށް ނޭނގުނެވެ. ހާސްވަނީ އެހެންވެއެވެ. ހަދާނޭގޮތެއް ނޭނގިގެން ސުފިޔާނަށް ގުޅަން ހަމްރާ ހިތަށް އެރިއެވެ. އެހެންނަމަވެސް އަދިވެސް އެއްފަހަރު ދަރިފުޅުގެ ފަރާތުން އިޝާރާތެއް ވޭތޯ ގޮވާލިއެވެ. އަދި ސުފިޔާނަށް ގުޅަންޖެހިދާނެ ކަމުގައި ބުނެލިއެވެ.

ހަމްރާ އީތަންގެ ކޮޓަރިން ނުކުމެގެން އައިސް ރާބިއާގެ ކޮޓަރިއަށް ވަނެވެ. އޭރު އަސުރު ނަމާދުން ފައިބައިގެން ހެނދުނާ ހަވީރުގެ ޒިކުރުތައް ކިޔުމަށް ރާބިއާ އެނދުގައި އިނެވެ. ހަމްރާ ފެނުމުން އޭނާގެ ހާސްކަން ރާބިއާއަކަށް ސިއްރެއްނުވިއެވެ.

“މަންމާ! އީތަންއަށް ވެގެންއުޅޭގޮތެއް އެއްގޮތަކަށް ވެސް ނޭނގެ. ސިޓިންރޫމުގައި އީތަންގެ އޮފީސް ބޮޑުމީހާ އައިސް އެބައިން. އީތަން ފާޚާނާއަށް ވަންގޮތަށް މިހާރު ގަޑިއިރަކަށްވުރެ ގިނައިރުވީ… އަނގައިން ވެސް ބުނަނީއެއްނޫން… ފެންމާގަނޑު ދޫކޮށްލާފައި ހުރި އަޑު ނޫން އެހެން އަޑެއް ފާޚާނާއަކުން ނީވޭ…”

“ހިނގާބަލަ… ސުފިޔާނަށް ގުޅައިފިންތަ؟ އެކަމަކު އިހަށް އައިދަންއަށް ގުޅާ… އަހަރުމެންނަށް ފާޚާނާ ހުޅުވައިގެން ނުވަދެވޭނެ. އެކުއްޖާއަށް ކަމެއްވިޔަސް ބޮޑުވެފައި ހުރި ފިރިހެންދަރިއެއްވިއްޔާ… އައިދަންއަށް ގުޅާފައި ބުނޭ އަހަރެން ބުންޏޭ އަވަހަށް ގެއަށް އަންނާށޭ…” ހާސްކަމާއެކު ކޮޅަށް ތެދުވި ރާބިއާ ބުނެލިއެވެ. އަދި ހަމްރާ އާއިއެކު އަވަސް ފިޔަވަޅުގައި އައިސް އީތަންގެ ކޮޓަރިއަށް ވަނެވެ.

“އީތަން…” އުނުގައި ތުވާލި އޮޅާލައިގެން ފާޚާނާއިން ނުކުން އީތަން އެ ކޮޓަރިއަށް ވަން ރާބިއާ އާއި ހަމްރާއަށް ފެނުމުން އެ ދެމީހުންނަށް ވެސް އީތަންއަށް ގޮވާލެވުނީ އެއްފަހަރާއެވެ. އީތަންގެ ތެމިފައިވާ އިސްތަށިގަނޑު ހޭވިފައި ހުރިއިރު ހަށިގަނޑުގައި ވެސް ފެންތިކިތައް ހަރުލާފައި ހުއްޓެވެ. އޭނާ އެ ނުކުތީ ފެންވަރައިގެންކަން ރާބިއާ އާއި ހަމްރާއަށް އެނގުނެވެ.

“ސާބަސް ދަރިފުޅަށް. މަންމަ ގޮވީމަ އަނގައިން ބުނެލިނަމަ. ފެންވަރަނީއޭ ބުނެލިނަމަ… އެކަމަކު ފެންވެރިޔަސް ހާދަ އިރެކޭ ފާޚާނާގައި ތިވީ. ނުފައިލު އައިސް އިންނަތާ މިހާރު ކިހާ އިރެއް. ދޭބަލަ އޭނާއާ ވާހަކަދައްކަން…” ހަމްރާ ކުޑަކޮށް ހިތްހަމަނުޖެހުނެވެ. އިސްޖަހާލައިގެން ހުރި އީތަންއަށް ކަމެއްވެފައި ހުރިކަމެއް ހަމްރާއަކަށް ނަގައެއްނުގަނެވުނެވެ.

“ހެދުން ލައިގެން އަވަހަށް ނުކުމޭ… ހަމްރާ އަހަރުމެން ބޭރަށް ހިނގާ” ރާބިއާ ބުނެލިއެވެ. އީތަންގެ ފަންއިސްތަށިތަކުން އޭނާގެ ނިތްކުރިއާއި ލޯ ނިވާވެފައި ހުރުމުން އީތަންގެ މޫނުމަތީގައިވާ އަސަރު އެއްވެސް މީހަކަށް ދެނެގަންނާކަށް ނޭނގުނެވެ.

އެންމެން ސިޓިންރޫމުގައި ތިއްބާ ތުވާލި އަނދެލައިގެން ހުރި އީތަން އެއްވެސް ޚިޔާލެއް ފިކުރެއްނެތި އެތަނަށް ނުކުތެވެ. އެހިނދު ނުފައިލު ވެސް ހައިރާންވިއެވެ.

“ސޮރީ ބޮސް… މިއުޅެނީ ކެވުނު އެއްޗަކުން މުޅިން ބަނޑުގޯސްވެގެން…” އީތަން ވާހަކަދެއްކިއިރު ނުފައިލަށް ބަލާލީ އެންމެ ދެފަހަރުއެވެ.

“އެހެންތަ. އަންގާލިނަމަ… ވީގޮތެއް ނޭނގި ހާސްވިވަރުން ގެއަށް އަންނަން މިޖެހުނީ. ދެން އެންމެ ރަނގަޅު. ކަމެއްވިޔަސް މަށަށް އަންގާލައްޗޭ… ރަނގަޅުވެލީމާ އޮފީހަށް ނުކުތަސް ރަނގަޅުވާނެ… ކަމުގެ ސީރިއަސްކަން މަށަށް އެބަފެނޭ. ތިހިރީވިއްޔާ މީހާ ހުރި ހާލު. ތުވާލިން ވެސް އަރައިގަނެވޭވަރު ނުވޭ… އޯކޭ… ދެން ދަނީ. މިހާރު އެނގިއްޖެ ދުނިޔޭގައި ހެޔޮހާލުގައި އީތަން އެބަހުރިކަން. އެހެންވީމަ ހިތްމަޖެހިއްޖެ…” ނުފައިލު މިހެން ބުނެ ހީނލިއެވެ. އަދި ތެދުވެގެން އެގެއިން ނުކުންނަން ހިނގައިގަންނަމުން އެތަނުގައި ހުރި އައިނީއަށް ބަލާލާފައި ޚާއްޞަ ހިނިތުންވުމެއް ބަދަލުކޮށްލިއެވެ.

އީތަންގެ އަޑު ބަދަލުވެފައި ހުރިކަން ރާބިއާއަށް ނަގައިގަނެވުނީތީ އޭނާގެ ނަޒަރު ހުރީ އީތަންއަށް ހުއްޓިފައެވެ. ނުފައިލުއާއެކު ވަކި ހިސާބަކަށް ގޮސްފައި އެނބުރި އީތަން އައިސް އޭނާގެ ކޮޓަރިއަށް ދިޔައެވެ.

“އީތަންއަށް އެއްޗެއް ދެވޭތޯއެއްނު އުޅެންވީ. ލޮނުޕެކެޓެއް ހޯދަންވީ ކަންނޭނގެ” ރާބިއާއަށް ބަލާލާފައި ހަމްރާ ބުނެލިއެވެ.

“އެއްވެސް އެއްޗެއް ހޯދާނެކަމެއްނެތް…. އަހަރެން މިދަނީ އީތަންގެ ގާތަށް” ރާބިއާ ބުނެލިއެވެ.

އީތަންގެ ކޮޓަރީގެ ދޮރުގައި ޓަކިޖަހާލާފައި ރާބިއާ ކޮޓަރިއަށް ވަނެވެ. އޭރު އީތަން ތައްޔާރުވަނީއެވެ. ރާބިއާ ފެނުމުން ވެސް އޭނާއަށް އީތަން ގޮވައެއްނުލިއެވެ. އަލަމާރިން ނެގި ޓީޝާޓު ގަޔަށް މަހާލުމާއެކު ލޯގަނޑު ކުރިމަތީ ހުއްޓި ޖަހަޑުން އިސްތަށިގަނޑު ރީތިކުރިއެވެ. އޭނާގެ ހަރަކާތްތަކަށް ބަލަހައްޓައިގެން ރާބިއާ ހުރީ ސުވާލުގެ ނަޒަރަކުންނެވެ. އީތަން ތައްޔާރުވެގެން ކޮޓަރިން ނުކުންނަން އައި ވަގުތު ދޮރުކައިރީ ހުރެފައި ރާބިއާ މާމަދަރިފުޅުގެ އަތުގައި ހިފިއެވެ.

“ވީގޮތެއް މާމައަށް ކިޔައެއްނުދޭނަންތަ؟ ބޮޑުމީހާއަށް އެހާ ބޮޑު ދޮގެއް ހެދީ ކީއްވެތަ؟… އީތަން…” ރާބިއާގެ އޯގާތެރިކަން އޭނާގެ އަޑުން ފާޅުވެގެންދިޔައެވެ. އެހިނދު ހަލާކުވެފައިވާ ހިތާއެކު އީތަން އޭނާގެ މާމައަށް ބަލާލިއެވެ. ރޮއެރޮއެ އެ ދެ ލޯ ވަނީ ރަތްވެ ދުޅަވެފައެވެ. އަދިވެސް އެ ދެލޮލުގައި ކަރުނައިގެ ތެތްކަން ފާޅުވޭވެ ހުއްޓެވެ. ބޮޑު މުސީބާތެއް ކުރިމަތިވެފައި ހުރި ކަހަލައެވެ. އީތަންގެ ހާލު ފެނި ރާބިއާގެ ދެ ލޯ ބޮޑުކޮށްލެވުނެވެ.

“އަޅުގަނޑު ދިޔަދީ މާމާ… މިހާރު ނުގޮސްފިއްޔާ މާ ލަސްވެދާނެ…” ކުރެހިފައިވާ އަޑުން އާދޭހުގެ ރާގަކަށް އީތަން ބުނެލިއެވެ.

“ސުބުޙާނައްﷲ… މަގޭ ދަރިއަށް ކޮންފަދަ ބޮޑު މުސީބާތެއް ޖެހުނީ…” އަމިއްލަ ހިތަށް ތޫނުކައްޓެއް ހެރިގެން ދިޔަ ފަދަ އިހުސާސެއް ރާބިއާއަށް ކުރެވިގެންދިޔައެވެ. ބޭއިޚްތިޔާރުގައި އީތަންގެ އަތުން ދޫކޮށްލިއެވެ. އެހިނދު އަވަސް ފިޔަވަޅުގައި އީތަން ނުކުމެގެން ގޮސް ރާބިއާގެ ލޯމައްޗަށް ގެއްލިއްޖެއެވެ.

ހ.ބުލޫމޫންގޭ ދޮރޯށި ކައިރީ ސައިކަލު ބަހައްޓާލުމަށްފަހު އީތަން ފައިބައިގެން އައިސް ދޮރޯށި ކުރިމަތީ މަޑުކޮށްލިއެވެ. ފުންނޭވާއެއްލާފައި ދޮރޯށީގެ އެއްފަރާތުގައި ހަރުކޮށްފައި ހުރި ފިތަށް އޮބާލައިފިއެވެ. އަދި ސިކުނޑިއަށް ބާރުލަމުން ވިސްނަމުން ދިޔައީ ޒޫރިން އާއި އޭނާގެ ޢާއިލާ މީހުންގެ ގާތުގައި ބުނާނޭ އެއްޗަކާ މެދުއެވެ. އެ ޚިޔާލުގައި ހުއްޓާ ކުއްލިއަކަށް މީހަކު ދޮރުހުޅުވާލިއެވެ.

“ރީ….” އީތަން ބުނަން އުޅުނު އެއްޗެއް ފުރިހަމައެއް ނުކުރެވުނެވެ. ދޮރޯށި ހުޅުވާލި ރޭޝްމާއަށް އީތަން ފެނުމުން ބަންލާފައި ދޮރޯށި ޖެހުމަށް ކޮށްޕާލިއެވެ. އެވަގުތު އީތަން ދޮރޯށި އައިސް ލެއްޕުމުގެ ކުރިން އެ ދޭތެރެއަށް އަތްލައްވާލިއެވެ. އެއާއެކު އޭނާގެ ޒަހަމްވެފައި އޮތް އަތް ދޮރުދޭތެރޭ ފިތިގެން ދިޔައެވެ. ފަޅައިގެން ގޮސްފައި ހުރި ތަންކޮޅުތަކުން ލޭ ހިލިގެން ދިޔައެވެ.

“ކީއްކުރަން ތިއައީ؟” ނުރުހިފައި ރޭޝްމާ ބުނެލިއެވެ.

“ރީން… ރީންއާ ބައްދަލުކުރަން…” އަސަރާއެކު އީތަން ބުނެލިއެވެ. ދޮރުދޭތެރޭ ފިތިފައިވާ އަތް އައްސިވެފައި އޮތުމުން ތަދުގެ އިހުސާސް އީތަންއަކަށް ނުކުރެވެއެވެ.

“ރީންއާ ބައްދަލެއްނުވެވޭނެ. ކޮން ސަކަރާތެއްޖަހަން އީތަން ތި އުޅެނީ… މިހާރު މާ ލަސްވެއްޖެ”

“ރީންއާ ބައްދަލުކޮށްދީ… އާދޭސްކުރަން… އާދޭސްކުރަން… އެންމެ ފަހަރަކު ވިޔަސް ރީންއާ ބައްދަލުވާން ބޭނުން… ހެޔޮނުވާނެ…” އީތަންގެ އާދޭހުގެ އަޑާއެކު ރޭޝްމާގެ ހިތަށް އަސަރުކުރިއެވެ. ހަމައެއާއެކު އީތަންގެ އަތްތިލަ ރޭޝްމާގެ ލޮލުގައި އަޅައިގަތީ އެވަގުތުއެވެ. މަޑުމަޑުން ދޮރޯށި ހުޅުވާލާފައި އީތަންއަށް ބަލާލީ ޤަބޫލުނުކުރެވިފައި ހުރެގެންނެވެ.

“އަޅުގަނޑަށް މާފުކުރޭ…” ފެންކަޅިވެ ދެއަތްޖޯޑުކޮށްލައިގެން ހުރެ އީތަން ބުނެލިއެވެ.

ރޭޝްމާއަށް އީތަންގެ މޫނަށް ބަލަހައްޓައިގެން ހުރެވުނީއެވެ. ޤަބޫލުކުރަން ދަތިވެފައެވެ. ލޮލަށް ފެންނަމުން ދިޔަ އީތަން ހާލަކީ ހަޤީޤަތެއްތޯ އަމިއްލަ ޟަމީރާ ސުވާލުކުރެވުނެވެ. އީތަންއެކޭ ޒޫރިންއެކޭ ތަފާތެއް މިއަދު ނެތެވެ. އެކަކު އަނެކަކަށް ޓަކައި އެ ދެމީހުން ވެސް ކަރުނައަޅަނީއެވެ. ބޭއިޚްތިޔާރުގައި އަމިއްލަ މޭގައި ރޭޝްމާއަށް އަތްޖައްސާލެވުނެވެ. އީތަން އަތުވެދާނެކަމަކަށް ކުޑަކޮށް ވެސް ރޭޝްމާ ހިޔެއްނުކުރެއެވެ. އެހެންނަމަވެސް މިއަދު އޭނާގެ ކުރިމަތީ ހުރެ އީތަން އާދޭސް އެ ކުރަނީ އޭނާ ފުރަގަސްދީފައި ދިޔަ ޒޫރިންއާ ބައްދަލުކޮށްދިނުމަށް އެދިއެވެ. ތަޤުދީރުގެ ސަފުހާތައް ނިއުޅި ހާމަވަމުން ދަނީއެވެ.

“އީތަންއަށް މާފުދޭން އަހަރެން މީ ކާކު؟ އަހަންނަށްވުރެ ބޮޑު ހިތްދަތިކަމެއް އީތަން އެމީހަކަށް ދިން ފަރާތް މިއަދު އީތަންއަށް މާފުކުރާނީ ވެސް…. ތީ ބޮޑު ކުށްވެރިއެއް… ދިރިހުއްޓާ އަހަރެންގެ ދަރިފުޅު މަރާލި ޤާޠިލު… ފުރާނަ ހުރީތީ އެކުއްޖާގެ ދިރި އެހުރީ. އޭނާގެ ހުރިހާ އުފާތަކެއް ފޭރިގަތް މީހަކީ ތީ… އިތުރު ހިތްދަތިކަމާއި ދޭނެ އަނިޔާއެއް ދެންނެތް… ވީއިރު ކީއްކުރަން އަލުން ރީންއާ ބައްދަލުކުރަނީ… ތިކަހަލަ މީހެއްގެ ހިޔަނި ރީންގެ ދިރިއުޅުމަށް އެޅުނުކަން އެއީ އެ ދަރިފުޅުގެ ބަދުނަސީބުކަން”

“ކޮންމެ ސަޒާއެއް ދިނަސް ޤަބޫލުކުރަން މިހިރީ ތައްޔާރަށް. އެކަމަކު ރީންގެ ދުލުން ނިޔާ ކަނޑައަޅާ އަޑު އަހަން ބޭނުންވަނީ. މިއަދު މިއައީ ކުރެވުނު ކުށް ޤަބޫލުކޮށްގެން އެކުށަށް މަޢާފުލިބޭތޯ… ރީންގެ ހަޔާތުން އަޅުގަނޑަށް ޖާގައެއް ލިބޭތޯ… ލޯބިލޯބި ދަރިފުޅަށް ބައްޕައެއްގެ ލޯބި ދޭން ބޭނުންވެގެން…” އީތަންގެ ލޮލުން ފައިބައިގެން ދިޔަ ކަރުނައިން ރޭޝްމާގެ ހިތް މަޑުވެގެންދިޔައެވެ. އޭނާ އެތެރެއަށް ޖެހިލާ ދޮރޯށި އިހުނަށްވުރެ ބޮޑަށް ހުޅުވާލިއެވެ. އެ އިޝާރާތް ދަޢުވަތަކަށް އީތަންއަށް ފުދުނެވެ. އަވަސް އަވަހަށް ދެ ލޯ ފުހެލާފައި އެތެރެއަށް ވަނެވެ.

ދޮރޯށި ލައްޕާލާފައި ރޭޝްމާ ހިނގައިގަތީ އެތެރެއަށެވެ. އޭނާއަށް މި ކުރެވޭކަންތަކާ މެދު އެއްވެސް ޔަޤީންކަމެއް ނެތް ކަހަލައެވެ. ޚިޔާލުތަކަށް ގެއްލިފައި ހުރެ ރޭޝްމާގެ ފަހަތުން އީތަން އައެވެ. މައްޗަށް އެރެން ހުރި ސިޑިން ރޭޝްމާ އަރަން ފެށުމުން އީތަން ވެސް އެ ސިޑިން އަރަމުން ދިޔައެވެ. އެހެންނަމަވެސް އީތަންގެ ކުށްވެރިކަމުގެ އިޙްސާސް އޭނާގެ ދެފައިގައި އަޅައިފައިވާ ކަސްތޮޅުގެ ބާރުގަދަކަމުން ސިޑީގެ ހަރުފަތްތައް ހުރަސްކުރުން ބޮޑު އުޤޫބާތަކަށް ވެފައިވެއެވެ. ހަށިގަނޑުގައި ހުރި ބާރެއްލާފައި ހަރުފަތްތައް ގިރާ ކުރަމުން އައިސް އޭނާ ހުއްޓުނީ ރޭޝްމާއަށް ވެސް ހުއްޓުމެއް އައުމުންނެވެ. ހަރުފަތްތަކުގައި އަޅަމުން ދިޔަ ފިޔަވަޅުތަކަށް ހުއްޓިފައި ހުރި ނަޒަރު އެހިނދު އުފުލި ވަށައިގެން ހޯދާލާ ފަދަ ގޮތަކަށް އީތަން ނަޒަރު ހިންގާލިއެވެ.

“މިތާ މަޑުކުރޭ…” ކޮޓަރިތަކުގެ މެދުގައި ހުސްކޮށް އޮތް ބައިގައި މަޑުކޮށްލައިގެން ހުރި ރޭޝްމާ ބުނެލިއެވެ. އަދި އީތަންގެ ފަރާތުން ޖަވާބެއް ނުލިބެނީސް ރޭޝްމާ ހިނގައިގަނެއްޖެއެވެ.

އީތަންގެ ނަޒަރު ހުއްޓިފައި ހުރީ ސީދާ ޒޫރިންގެ ކޮޓަރިއާ ދިމާއަށެވެ. އެތައް ރެއެއްގެ ހަނދާންތައް އޭނާގެ ސިކުނޑީގެ އެކި ދިމަދިމާއިން އައިސް ޖެހިގަތް ކަހަލައެވެ. ޚިޔާލުތައް ބޮނޑިވެގަތީ އެއްފަހަރާއެވެ. ޒޫރިންގެ ހުނުމުގެ އަޑެވެ. ލޯބީގެ ބަސްތަކެވެ. ހިތްއުފާކުރުވި ބީހުންތަކެވެ. އެ މައުސޫމުކަން އީތަންގެ ކެހިވެރިކަމުގެ މިޔައިން ފޮތިފޮތިކޮށްލި ގޮތެވެ. ދުނިޔެއަށް ބޭޒާރުވާން ދޫކޮށްލި ގޮތެވެ. ދެ ތުންފަތުން ބޭރުވާން އުޅުނު އާޙް ބޭރުވިޔަނުދީ އީތަން ހުއްޓުވިއެވެ. މޭގެ ތެރޭގައި އުފެދިފައިވާ ތޫފާނުގެ އެންމެ ރޯޅިއެއް ވެސް ބޭރުވިޔަނުދޭން މިވަގުތު އީތަން އަޙުދުވިއެވެ. ބޮޑެތި ބޮޑެތި ނަގޫރޯޅިތައް ވެސް މޭގެތެރެއަށް އޮއްބާލަނީއެވެ. އެނޫންގޮތެއް މިއަވުތު އޭނާއަކަށް ނެތެވެ. އައިތަނަށް އެނބުރި ދިއުމުގެ ގަސްދެއް ކުޑަކޮށް ވެސް ނެތެވެ. މި ހުރިހާ ދުވަހު އޭނާ ހިތް އެދޭހާ ގޮތަކަށް ކަންތައް ކޮށްގެން ލިބުނު މަންފާއެއްނެތެވެ. އޭގެ ބަދަލުގައި އަމިއްލަ ދިރިއުޅުމަށް އަމިއްލައަށް ވިހަލަމުން ދެވުނަ ކަހަލައެވެ.

“ރީން! ހޭލާތަ؟” ޖެހިލުންވެފައި ހުރެ ޒޫރިންގެ ކޮޓަރިތެރެއަށް ވަން ރޭޝްމާ ކޮޓަރީގެ ދޮރު ކައިރިކޮށްލާފައި އެނދުގައި ބަންޑުން އޮތް ޒޫރިންއަށް އަހާލިއެވެ. ބާލީހުގައި މޫނު ފޮރުވާލައިގެން އޮތް ގޮތުން ޒޫރިން އޮތީ ހޭލާކަމެއް ނޫނީ ނިދިފައި ކަމެއް ރޭޝްމާއަކަށް ނޭނގުނެވެ. ޒޫރިންގެ އެއްވެސް އިޝާރާތެއް ނުވުމުން މަޑުމަޑުން އޭނާއާ ގާތަށް ރޭޝްމާ އައެވެ.

“ރީން ރޮނީތަ؟ މިހާރު ކީއްވެ ތިރޮނީ… މަންމަ ނުބުނަންތަ ހުރިހާ ކަމެއް އެ ނިމުނީއޭ… ރީން. ނުރޮއެ ތެދުވެބަލަ. ރީން އެންމެ ބޭނުންވާ މީހާ މިއަދު ރީން ހޯދަން އައިސް އެބަހުރި. އޭނާއާ ބައްދަލުކުރަން ނުނިކުންނާނަންތަ؟” ބާލީހުގައި މޫނު ފޮރުވާލައިގެން އޮވެ ޒޫރިން ރޮނީކަން ރޭޝްމާއަށް އެނގުމުން އެނދުގެ މަގަތުގައި އިށީނދެ ޒޫރިންގެ ބޮލުގައި ފިރުމާލާފައި ވާހަކަދެއްކިއެވެ. ޒޫރިންއަށް ލިބުނު ކުއްލި ހައިރާންކަމާއެކު ބޯ ހިއްލާލަފައި ރޭޝްމާއަށް ބަލާލީ ކަރުނުން ފުރިފައިވާ ދެ ލޮލުންނެވެ.

“އެއީ ކާކު…” ދެބުމަ ކައިރިކޮށްލަމުން ޒޫރިން ސުވާލުކޮށްލިއެވެ.

“އޭނާ އައީ ރީންއާ ބައްދަލުކުރަން. މަންމައަކަށް ނޭނގެ އޭނާ މިހިސާބަށް އަންނަން ހުއްދަދިނުމަކީ ކުރެވުނު ރަނގަޅުކަމެއްކަން ނުވަތަ މަންމައަށް ހެދުނު ބޮޑު ގޯހެއްކަމެއް… އެ ނިންމުން ނިންމާނީ ދަރިފުޅު. އެއްގޮތަކަށް ވެސް މި ފުރުޞަތު ގެއްލުނީ މަންމައާ ހެދިއޭ ރީންއަށް ހީވާކަށް ބޭނުމެއްނޫން…”

“ކާކުގެ ވާހަކައެއްތަ މަންމަ ތި ދައްކަނީ” އެއްއަރިއަށް ޖެހިލާ ދެ ލޯ ފުހެލާފައި ޒޫރިން އަނެއްކާ ވެސް ސުވާލުކުރީ ރޭޝްމާ ދައްކާ ވާހަކައެއް އޭނާއަށް ނަގައިގަންނަން ފަސޭހަނުވެގެނެވެ. އެހެންނަމަވެސް އޭނާގެ ހިތުގެ ކޮންމެވެސް ހިސާބަކުން ޖަހާލި ވިންދުގެ އިހުސާސް މުޅި ހަށިގަނޑަށް ވެރިވެގެން ދިޔައެވެ. ސިކުނޑީގެ ކަނަކުން “އީތަން”ގެ ނަން ޢިއުލާން ކުރަން ފަށައިފިއެވެ. އެއާއެކު ހިތުގެ ރިހުން ފުންވެގެން ހިނގައްޖެއެވެ. މަޑުމަޑުން އިސްޖަހާލުމާއެކު ދެ ލޯ މަރާލިއެވެ.

“ރީން. ހިނގާ… ރީންއާ ބައްދަލުކުރަން އައިސް އެ ހުރީ. އޭނާގެ މައްޗަށް ނިޔާ ކަނޑައަޅާނީ ރީންކަމުގައި އޭނާ ބުނީ. މިއަދު ހުރިހާ ފައިސަލާއެއް ކުރާނީ ދަރިފުޅު… އޭނާ ޖެހޭނީ ދަރިފުޅުގެ ކޮންމެ ނިންމުމެއް ޤަބޫލުކުރަން. އެހެންވީމަ ދެން ހިނގާ. މި ފުރުޞަތު ދެން ނުލިބިދާނެ” ޒޫރިންގެ ކޮނޑުގައި ހިފާ ނަގަން ރޭޝްމާ މަސައްކަތްކުރިއެވެ.

މިވަނީ ކިހިނެއްކަމެއް ޒޫރިންއަކަށް ނޭނގުނެވެ. ރޭޝްމާގެ އެހީގައި އޭނާ ތެދުވިއެވެ. ކޮޓަރިން ނުކުންނަން ހިނގައިގަތް އިރު ވެސް އޭނާ ހޯދަން އީތަން އަތުވެދާނެކަމަކަށް ޤަބޫލެއްނުކުރެވެއެވެ. ލަސް ފިޔަވަޅުތަކެއް ރޭޝްމާއާއެކު ކޮޓަރީގެ ދޮރުމައްޗަށް ޒޫރިން ނުކުމެވުމާއެކު ފަސްވަރަކަށް ފިޔަވަޅުގެ ދުރުމިނުގައި ހުރި އީތަން ފެނިއްޖެއެވެ. އެހިނދު ކުރިއަށް ހަމަ އެންމެ ފިޔަވަޅެއް ވެސް ޒޫރިންއަކަށް ނޭޅުނެވެ. އީތަންއަށް ބަލަހައްޓައިގެން ހުރެވުނީއެވެ. ރޮއެރޮއެ ރަތްވެފައިވާ ޒޫރިންގެ ލޮލާ އީތަންގެ ކެހިވެރިކަން ފޮރުވައިދިން ލޮލާ އަމާޒުވެފައި ހުއްޓެވެ.

ވޭނުންފުރިގެންވި ހިމޭންކަމެއް ވެރިފައިވެއެވެ. ރޭޝްމީ ހަރަކާތެއް ވެސް ކޮށްލަން ނޭނގިފައެވެ. އެއްފަހަރު ޒޫރިންއަށް އަނެއްފަހަރު އީތަންއަށް އޭނާގެ ނަޒަރު އަމާޒުވަމުން ދިޔައެވެ. ޒޫރިންގެ ލޮލަށް ބޮނޑިވަމުންދިޔަ ކަރުނަތަކާއެކު މަޑުމަޑުން ރޮވެމުން ގޮސް އޭނާއަށް ރޮވިއްޖެއެވެ. އޭނާގެ ދޫ ހިމޭންވެފައިވިޔަސް ލޮލުގައިވާ ކަރުނަ އޭގެ ހިމޭންކަން ދޫކޮށް އީތަންއާ ޝަކުވާ ކުރަން ފެށީއެވެ. މަޑުމަޑުން ނުކުތް ރުއިމުގެ އަޑު ގަދަވެ ބާރަށް ޒޫރިންއަށް ރޮވެނީއެވެ. އޭރު ވެސް އޭނާގެ ލޯ އަމާޒުވެފައި ހުރީ އީތަންއަށެވެ. އީތަންގެ ދެ ލޯ ވެސް ކަރުނުން ފުރިއްޖެއެވެ. ދުވެފައި ގޮސް އެ ދެއަތުގެ ތެރެއަށް ޒޫރިން ލުމަށް އޭނާގެ ޟަމީރު ބުންޏެއްކަމަކު ކުށްވެރިއަކު ފަދައިން ޒޫރިންގެ ކުރިމަތީ ހުއްޓި ހުރީ ކަސްތޮޅު އެޅިފައިވާ ޤައިދީއެއް ފަދައިންނެވެ.

ޝަމްޢާން ގޮވައިގެން އެކުއްޖާއާ ސާމާސާ ކުރަން ރޭޝްމާގެ ކޮޓަރީގައި އިން ތަހުސީނު ސިއްސުވާލީ ޒޫރިންގެ ރުއިމުގެ އަޑުންނެވެ. އެނދުގައި އޮތް ޝަމްޢާނުގެ ވަށައިގެން ބާލީސް ޖެއްސުމަށްފަހު ނިކަން އަވަހަށް ކޮޓަރިން ތަހުސީނު ނުކުތީ ރޭޝްމާއަށް ގޮވަމުންނެވެ. ކޮޓަރިން ބޭރަށް ދެ ފިޔަވަޅު ވެސް ރަނގަޅަށް ނޭޅެނީސް ހިތުގައިޖެހިގެން ރޮމުން ދިޔަ ޒޫރިންއާއި އޭނާގެ ނަޒަރު ހުއްޓިފައި ހުރި އީތަން ތަހުސީނަށް ފެނުނެވެ. އޭނާގެ ހިތް ހަމްދަރުދީއިން ފުރުމުގެ ބަދަލުގައި އަލިފާނުގެ އާރެއް ކެކިއުތުރި ގަތެވެ. އޭނާގެ މޭގައި، ސިކުނޑީގައި، ހިތުގައި އަލިފާން އަނދަނީއެވެ. އެ އަލިފާނުގެ ހޫނުން ތެޅި ފޮޅެވެނީއެވެ. ތަހުސީނުގެ ކެތްތެރިކަން ކޮޅުންލައިގެން ހިނގައްޖެއެވެ. އޭނާގެ ރަނގަޅުކަން ނެތި ހިނގައްޖެއެވެ. މުޅި ޟަމީރު ފުނޑުފުނޑުކޮށްލާވަރުގެ ގަދަ ރުޅީގައި މީހާ ތުރުތުރު އަޅާލިއެވެ.

“މިގެއަށް ކަލޭ އައީ ކޮންހައިސިއްޔަތަކުން؟ އަހަރެން ނުބުނަންތަ އެދުވަހު ދެން ދުވަހަކު ވެސް ރީން ހޯދަން އީތަން އައިސްގެން ނުވާނެއޭ… ތި ދިން އަނިޔާއިން އަދިވެސް ހިތްނުފުރޭތަ؟ ކަލޭގެ ސަބަބުން އޭނާއަށް ވެފައި ހުރި ގޮތް އެބަ ފެނޭތަ؟ ހަމަމިހާރު މިގެއިން ނުކުމޭ… ނުކުމެގެން ރައްކާވޭ… ކަލޭގެ މޫނު ވެސް ބަލާކަށް މަށެއް ބޭނުމެއްނޫން…” އައިސްފައި ހުރި ރުޅީގައި ތަހުސީނު ހަޅޭލަވައިގަތެވެ. އެހެންނަމަވެސް ހުރި ފިޔަވަޅުން ގުޑިވެސް ނުލާ އީތަން ހުއްޓެވެ. އޭނާގެ ލޮލުން ވެސް ކަރުނަ އޮހެމުން ދިޔައެވެ. ޒޫރިންނަށް ބަލަން ހުރި އޭނާއަށް ތަހުސީނުގެ އެއްވެސް ވާހަކައެއް ނީވޭ ކަހަލައެވެ. އޭރު އީތަންއަށް ވެސް މަޑުމަޑުން ރޮވެނީއެވެ.

“ރީން… ރީން…” ރޮވިފައި އީތަން ބުނެލިއެވެ.

“ކޮން ރީންއެއްތަ… ލަދުހަޔާތުގެ ކަންފުޅެއް ވެސް ނެތީއޭ…” ކުއްލިއަކަށް ކޮންޓްރޯލު ނެއްޓި ތަހުސީނު އައިގޮތަށް އައިސް އީތަންގެ ކަންފަތްމަތީ ޖެހިއެވެ. ޖެހިލެއް ބާރުކަމާއެކު އީތަން އަރިއަޅާލައިގެން ތަޅުންމައްޗަށް ވެއްޓުނެވެ. ދެން ވެސް ތަހުސީނު އަތްމަޅާލީ އީތަންގެ ގައިގާ ޖެހުމަށެވެ.

“ނޫން!” ނިކަން ބާރަށް ޒޫރިން ހަޅައިލަވައިގަތެވެ. އަދި ދުވެފައި އައިސް އީތަންގެ ހިމާޔަތުގައި އޭނާގެ ގައިގާ ޒޫރިން އޮޅުލައިގަތެވެ. އެވަގުތު އެމީހުންނާއި ތަހުސީނުގެ ދެމެދަށް އައިސްވަނީ ރޭޝްމާއެވެ.

“ތަހުސީނު…” ބިރުވެރިކަމުން ފުރިގެންވީ ގޮތަކަށް ރޭޝްމާ ގޮވާލިއެވެ. އަދި ތަހުސީނު ހުއްޓުވުމަށްޓަކައި އޭނާގެ މެދުހަށީގައި ދެއަތް ވަށާލުމާއެކު ރޭޝްމާ ބައްދައިގަތެވެ. ރޭޝްމާގެ އެ ޢަމަލުން ތަހުސީނު ހުއްޓުނެވެ. އޭރު ގޭތެރޭގައި ޒޫރިންއާއި އީތަންގެ ރުއިމުގެ އަޑު އެކުވެ ގުގުމަމުން ދިޔައެވެ.

ރޮމުންރޮމުން ބޯތިރިކުރަމުން ދިޔަ އީތަން ސަޖިދާގައިވާ މީހަކު ފަދައިން ވިއެވެ. އޭނާގެ ބުރަކަށީގައި ހިފަހައްޓާލައިގެން އިން ޒޫރިންއަށް ވެސް ރޮވެނީއެވެ. ގިސްލަ ގިސްލާފައި ދެ މީހުން ރޮމުން ދިޔައިރު ދެ ހިތުގައި އޮތް ލޯބި ސިއްރެއްނުވިއެވެ. ތަހުސީނުގެ އަތުން ކިތަންމެ ބޮޑު އަނިޔާއެއް ލިބުނު ނަމަވެސް މިއަދު އީތަން ނުދާނެއެވެ. ހަމައެގޮތަށް އީތަންއަށް އަނިޔާއެއް ލިބޭތަން ބެލުމަކީ ޒޫރިންގެ ހިތަށް ކެތްވާނޭ ކަމެއްނޫނެވެ. ދެ މީހުން ކަރުނަ އަޅަމުން ދިޔައީ އެކަކު އަނެކަކާ ދުރުގައި އެހާ ދުވަހު ހޭދަކުރަން ޖެހުމުން ކަހަލައެވެ. ރޮއެރޮއެފައި އީތަންގެ ބުރަކަށިން އަތްނަގާ ޒޫރިން އޭނާގެ ދެ ލޯ ފުހެލިއެވެ. އަދި އުނދަގުލުން ކޮޅަށް ތެދުވެ އީތަންގެ އަތުގެ މުލަށްދަނޑީގައި ދެއަތުން ހިފާ އުފުލާލަން އުޅުން ޒޫރިން ބޭނުންވާގޮތް އީތަންއަށް އެނގި އޭނާ ކޮޅަށް ތެދުވިއެވެ. ޒޫރިންއެކޭ އެއްފަދައިން އީތަން ވެސް އޭނާދެ ދެ ލޮލާއި ކޯތާފަތް ފުހެލައި ޒޫރިންއަށް ބަލާލިއެވެ. އެހިނދު އޭނާގެ އަތްތިލާގައި ހިފާލަމުން ޒޫރިން ހިނގައިގަތީ އޭނާގެ ކޮޓަރިއަށެވެ. އެތަން ފެނި ތަހުސީނު ދެބުމަގޮށްޖަހާލަމުން ކުރިއަށް ފިޔަވަޅެއް އަޅާލިއެވެ.

“ތަހުސީނު…” ފެންކަޅިވެފައި ހުރި ރޭޝްމާ ގޮވާލުމުން ތަހުސީނު އޭނާއަށް ބަލާލިއެވެ. އެއާއެކު ރޭޝްމާ ދެފަރާތަށް ބޯހޫރާލީ ތަހުސީނު ކުރަން އުޅޭ ކަމެއް ހުއްޓާލާށޭ ބުނާ ފަދައިންނެވެ. އެ ދެމީހުން ބަލަބަލާ ހުއްޓާ ޒޫރިންގެ އަތުގައި ހިފައިގެން އީތަން ގޮސް ކޮޓަރިއަށް ވަދެ ދޮރުލެއްޕ ހިސާބުން ގެއްލިއްޖެއެވެ.

“ތަހުސީނު… އީތަންއަށް ފުރުޞަތެއް ނުދިނަސް ރީންއަށް ފުރުޞަތެއްދީ. އެއީ ދަރިފުޅުގެ ބައްޕަ… ރީންގެ ހިތުގައިވާ އެއްޗެއް ތަހުސީނަށް ވެސް މިހާރު ނޭނގިއެއްނޯންނާނެ. އޭނާ އެ ރޯ ރުއިން… އެއީ ހަމައަށް އީތަންއަށްޓަކައި… މިއަދު ނިންމުން ނިންމާނީ ރީން. އަހަރުމެންނެއްނޫން… ރީންގެ ނިންމުން ތަހުސީނު ވެސް ޖެހޭނީ ޤަބޫލުކުރަން… ތަހުސީނަކީ އަނިޔާވެރިއެއްނޫން…” ރޭޝްމާ މިހެން ބުނުމުން އޭނާގެ އަތުގައި ހިފާލުމާއެކު ތަހުސީނު ބޯޖަހާލިއެވެ. އައިސްފައި ހުރި ގަދަ ރުޅި ފިނިވެގެން ދިޔަހެން އޭނާ ރޭޝްމާގެ ކުރިމަތީ އިސްޖަހާލިއެވެ.

ކޮޓަރިތެރޭގައި އެކަކު އަނެކަކަށް ކުރިމަތިލައިގެން ޒޫރިން އާއި އީތަން ތިއްބެވެ. ކުރިން އެއްޗެއް ބުނަން އެކަކު އަނެކަކަށް ފުރުޞަތުދީގެން ތިބިކަހަލައެވެ. ކެތްތެރިކަން ކޮޅުންލީ ޒޫރިންގެއެވެ.

“އަހަރެން ލަދުގަންނަވަންތަ އެ މަންޒަރު ބަލަން އެތަނަށް ދިޔައީ… ނޫނީ އަހަރެންގެ ކެތްތެރިކަން އިމްތިހާނު ކުރަން ބޭނުންވަނީތަ؟ އަހަރެން… ކެތްކޮށްކޮށް މަރުވެދާނެ… އެހެންވިޔަސް އީތަންގެ ދިރިއުޅުމަށް އަހަރެންގެ ހިޔަނި ވެސް އެޅުނަ ނުދޭނަން… އެއްވެސް ކަމަކާ އީތަން ކަންބޮޑުވާކަށް ނުޖެހޭނެ…” ޒޫރިންގެ ވާހަކަ މެދު ކެނޑުނީ އޭނާގެ ކޮނޑުގައި އީތަންގެ އަތްތިލަ ބާއްވާލުމުންނެވެ.

“ލޯބިވެޔޭ ބުނިއްޔާ ރީން ޤަބޫލުކުރާނަންތަ؟ އަހަންނަށް ކުރެވުނީ ކިހާ ބޮޑު ކުށެއްކަން އިހުސާސްވީ މިއަދު. ކުރިން ވެސް އަންނަން ބޭނުންވި… އެކަމަކު އަހަރެންގެ ހިތުގައިވާ ޖަޒުބާތުތަކުގެ މައްޗަށް ބިރުވެރިކަން ކުރި ހޯދީ… އަހަރެންގެ ފިނޑިކަންއެއީ… ރީންއާ ފުރަތަމަ ބައްދަލުވި ދުވަހު ވެސް އަހަރެންގެ ހިތުގައި ތަފާތު ވިންދެއްޖެހިކަން އެނގޭ. އޭރު ޤަބޫލުކުރަން ބޭނުންނުވީ…”

“މި ހަށިގަނޑުތަ އީތަން ބޭނުންވަނީ… އުފާ ހޯދުމަކީ އީތަންގެ ނަޒަރުގައި ލޯބިތަ؟ އެހެންވެއްޖެއްޔާ އަން! އީތަން ބޭނުން ވަރަކަށް އުފާ ހޯދާ…” ޒޫރިން ކުއްލިއަކަށް އޭނާ ލައިގެން ހުރި ޓީޝާޓު ބޭލުމަށް މައްޗަށް ހިއްލާލިއެވެ. އެހިނދު އެކަން އީތަން މަނާކުރިއެވެ. ޒޫރިންގެ ދެއަތުގައި ހިފެހެއްޓުމާއެކު ގެނެސް އޭނާގެ މޭގައި ޒޫރިން ފޮރުވާލިއެވެ. ދެ ފަހަރަކު އީތަން ކޮށްޕާލާފައި ދުރަށްދާން އުޅެފައި ވެސް އެ ދެއަތުގެ ތެރެއިން ސަލާމަތް ނުވެވޭނޭކަން އެނގުމުން ޒޫރިން ވެސް ހިމޭންވިއެވެ. އެހެން ހުއްޓާ ޒޫރިންގެ ކަނދުރާއާ ދިމާއިން ފިނިކަން އިހުސާސްވެގެން ދިޔައެވެ. ބޯހިއްލާލާ އީތަންގެ މޫނަށް ބަލާލިއިރު އޭނާ ރޮނީއެވެ. އެ ކަރުނައިގެ ސާފުކަމާއެކު އީތަންގެ ކެހިވެރިކަމުގެ ލައްގަނޑު ދޮވެވެމުންދިޔައެވެ.

“ރީން….” ކުރެހިފައިވާ އަޑުން އީތަން ބުނެލިއެވެ. އޭނާ ކޮންމެވެސް ވާހަކައެއް ބުނަން ބޭނުންވެ އެހެންނަމަވެސް ނުބުނެވިގެން އުޅޭ ކަހަލައެވެ.

“މިހާރު ކީއްކުރަން އީތަން ތިއައީ؟” އީތަންގެ މޭގައި މޫނުޖައްސާލައިގެން ހުރެ ޒޫރިން ސުވާލުކުރިއެވެ. އޭނާގެ ދެ ލޯ ވެސް ވަނީ ކަރުނުން ތެމިފައެވެ.

“ރީން… ދަރިފުޅު….”

“އެ ދަރިފުޅަކީ އީތަންގެ ދަރިއެއްނޫން…” ރީން އިސްއުފުލާ އީތަންއަށް ބަލާލިއެވެ. އެއާއެކު އީތަން ދެ ފަރާތަށް މަޑުމަޑުން ބޯހޫރާލީ އެހެންނުބުނާށޭ ބުނަންކަން ގައިމެވެ.

“ރީން… އަހަންނަށް އެނގޭ…”

“ނޫން އީތަން… އެއްވެސް ކަމެއް އީތަންއަކަށް ނޭނގޭ. އަހަރެންގެ ބަދުނަސީބުކަން އެއީ އީތަންދެކެ އަހަންނަށް ލޯބިވެވުން. ހަޤީޤަތުގައި ވެސް އަހަރެން މޮޔައީ… ހީކުރެވުނީ އަހަރެން ދެކެ އީތަން ވެސް ލޯބިވާނެއޭ… އެކަމަކު އީތަން އޮޅުވާލީ… އީތަންގެ ހަޔާތުގެ ބައިވެރިއަކަށްވުމަށް އަހަރެން އެކަށީގެންނެއްނުވި… އެއްފަހަރު ވެސް ބުނެލިނަމަ ކައިވެނި ކުރާކަށް ބޭނުމެއްނޫނޭ. ހަމައެކަނި ބޭނުންވަނީ ރީންގެ ގާތުން އުފާކޮށްލާށޭ… އޭރުން ވެސް… އޭރުން ވެސް އަހަރެން އީތަންގެ އެދުން ފުއްދައިދިނީމުސް… އެކަމަކު އޭރުން އަހަންނަށް ހަޤީޤީގަތް އޮޅިފައެއްނޯންނާނެ. އަހަރެންގެ މަންމަ އީތަންގެ ގާތު އާދޭސްކުރާކަށް ވެސް ނުޖެހޭނެ… ތީ ދޮގުވެރިއެއް… އެރޭ ކައިވެންޏަށް ތައްޔާރުވެގެން އަހަރެން އީތަންއަށް އިންތިޒާރުކުރިން. އެހެންނުހެދުމަށް އެދި އާދެސްކުރިން. އަހަރެން ގަތް ލަދަށްވުރެ އަހަރެންގެ މަންމަ ކުރިމަތިލާންޖެހުނު ލަދު މާބޮޑު… މާ އަސަރުގަދަ… އަހަރެން މަރުވިނަމަވެސް މާ ރަނގަޅުވީހޭ އެ ދުވަހު ހިތަށް އެރި…” ޒޫރިންގެ ވާހަކަ މެދުކެނޑުނެވެ. އޭރު އީތަން އޭނާއާ ދުރަށް ޖެހިލުމަށްފަހު ޒޫރިންގެ ދެފައިބުޑަށް ތިރިވެ އޭނާގެ ފައިގާ ހިފަހައްޓާލިއެވެ.

“އައި ލަވް ޔޫ… އައި ލަވް ޔޫ ރީން… ޕްލީޒް… މާފު ހައްޤުނުވިޔަސް މާފަށް އެދެން… އަހަރެން އެއްފަހަރު ވެސް ރީންއާ މެދު ތި ހީކުރާހާ ދަށުދަރަޖައިން ނުދެކެން… އަހަންނަށް ބަޔާންކުރަން ދަތި އުފަލަކާއި ހިތްހަމަޖެހުން ލިބުނު… ރީން ފޮނުވާ މެސެޖުތަކުން އަހަރެން ކިތަންމެ މޫޑު ގޯސްވެފައި ހުއްޓަސް ވަގުތުން ހިނިތުންވެލަން އަހަރެންގެ ޟަމީރަށް މަޖުބޫރުކުރުވާ… ރީންއާ އެއްވެސް އަންހެންކުއްޖަކާ އަޅާ ނުކިޔޭނެ. އެއަށްވުރެ ރީންއަކީ ތަފާތު ކުއްޖެއް… ހަޔާތުގައި ފުރަތަމަ ފަހަރަށް ލޯތްބަކީ ކޮބައިގެން އަންގައިދިނީ ރީން… އަހަރެން ރީންދެކެ ވަރަށް ލޯބިވޭ. ރީންއާ ވަކިވިފަހުން މިހިތަށް ހަމަޖެހުމެއްނުލިބޭ. ކުށުގެ ކަނޑަކަށް ކޮންމެ ދުވަހަކު ޢަރަޤުވެގެން ދާ ކަހަލަ… ރީން ޕްލީޒް… އަހަރެން ބޭނުން ރީން… އަހަރެން ބޭނުން އަހަރުމެންގެ ދަރިފުޅު ވެސް”

އީތަންއާ ދުރަށް ޒޫރިން ޖެހިލުމާއެކު އޭނާ އައިސް އަލަމާރި ހުޅުވާލިއެވެ. އަދި ވަތްގަނޑުގައި އޮތް ފައިލެއް ނަގައިގެން އައިސް އީތަންއާ ދިމާއަށް ބިންމައްޗަށް އެއްލާލިއެވެ.

“ތި ފައިލުގައިވާ ލިޔުންތައް އީތަން ރަނގަޅަށް ބަލާބަލަ… އޭގައި އެވަނީ ލިޔެ ސިއްކަޖަހާފައި… ދެން ކޮންތާކުން އެ ދަރިފުޅަށް ބައްޕައަކު ލިބޭނީ” ރުޅިއަންނަން މަސައްކަތްކުރި ނަމަވެސް ޒޫރިންގެ ލޮލުން އޮހޮރޭ ކަރުނައިން އޭނާގެ ހިތަށްކޮށްފައިވާ އަސަރު އީތަންއަށް ސިއްރެއްނުވެއެވެ.

އިސްޖަހާލުމާއެކު ފައިލު ހުޅުވާ އީތަން ބަލާލިއެވެ. ތެދެކެވެ. ހުރިހާ ލިޔުމެއްގައި ވަނީ ޒޫރިން ވިހެއީ ނަހަލާލަށް ބަލިވެ އިނދެކަމެވެ. ދަރިފުޅުގެ ބައްޕައެއްނެތެވެ. ތިރިވެވުނު ގޮތަށް އަތުގައި އޮތް ފައިލު ތެރޭ އީތަން މޫނު ފޮރުވާލިއެވެ. އޭނާއަށް ރޮވިއްޖެއެވެ. ޒޫރިންގެ ކުރިމަތީ މިއަދު އޭނާގެ އާދޭހުގެ އަގެއްނާރާނޭކަން ޔަޤީންވެއްޖެއެވެ. ފަހަރެއްގައި ވެސް ޒޫރިންއަކީ ހަރުހިތެއްގެވެރި އަންހެންކުއްޖަކަށްވީމައެއްނޫނެވެ. ޒޫރިންއަށް ދެވުނު އަނިޔާގެ ބަދަލު ދޭނޭ ގޮތެއް މިއަދު އީތަންއަށް ނެތީއެވެ. އެ ދެމެދުގައި އޮތް ގުޅުމަށް ހުރަހަކަށް އޭނާގެ އަތުގައި އޮތް ފައިލުގައި ހުރި ކަރުދާސްތައްވެއްޖެއެވެ. އެކަމަކު ޤަބޫލުކުރަން ފަސޭހައެއްނުވިއެވެ. ކަރުދާސްކޮޅެއްގައި އެހާ ބާރު ގަދަވެދާނެހެއްޔެވެ؟ ނޫނެވެ. ޤަބޫލުކުރާނީ ކިހިނެއްހެއްޔެވެ. އަމިއްލަ ނަފްސަށްވުރެ ވެސް ބޮޑަށް ޒޫރިންދެކެ އީތަން ލޯބިވެއެވެ. އެތަކެއް އަންހެނުންނެއްގެ ބައިބޯ ޖަމާޢަތެއްގެ ތެރޭގައި ހުއްޓަސް އޭނާއަށް ޒޫރިން ވަކިކުރަން އެނގޭނެއެވެ. ދެލޯ މަރައިގެން ހުރެ ވެސް ޒޫރިން ދެނެގަނެވޭނެއެވެ. ހިނގާލާފައިދާ ފިޔަވަޅުގެ އަޑުން އެކަނި ވެސް އެއީ ޒޫރިންކަން ބުނެދެން އެނގޭނެއެވެ. ޒޫރިންގެ ލޯބީގެ ފާޑާއި ރުޅީގެ ހޫނުކަމާއި ޒޫރިން އުފާވާ ކަންތައް އީތަންގެ ޟަމީރު ހިތުދަހެވެ. ވީއިރު އެ ގާތްކަމާއި އެ ގުޅުންތައް އީތަންގެ ކުރިމަތީގައިވި ކަރުދާސްތަކުން ކަނޑުވައިލެވޭނޭ ހެއްޔެވެ؟ ނޫނެވެ. އެހެންވިޔަ އީތަން ނުދޭނެއެވެ. ދެ ލޯ ފުހެލާފައި އީތަން ކޮޅަށް ތެދުވިއެވެ. ލޭކަރުނަ ހިލިފައިވާ ދެ ލޮލުން ޒޫރިންއަށް ބަލާލިއެވެ. އަދި އައިސް ޒޫރިންގެ ގާތުގައި ހުއްޓުނެވެ.

“ޝަރުޢީގޮތުން ދަރިފުޅުގެ ބައްޕައަށްވުމުގެ ހައްޤު އަހަންނަށް ގެއްލިއްޖެ. އެކަމަކު އެ ޒިންމާ އަދާކުރުމުން އަހަރެން ދުރުނުކުރޭ. އަހަރެން ބޭނުންވަނީ ރީންއަށް އަނތްބެއްގެ މަޤާމުދޭން. އަދި އަހަރުމެންގެ ދަރިފުޅަށް ރަނގަޅު މުސްތަޤުބަލެއް ހޯދައިދޭން… މިއަދު އަހަރެން އައިސް މިހިރީ އެއްވެސް މަޖުބޫރުކަމެއްނެތި ހަމައެކަނި ރީންދެކެ ވާ ލޯބީގެ ހައްޤުގައި. އަހަންނަށް ވިސްނައިދޭން ތަހުސީނުބޭބެ ވަރަށް މަސައްކަތްކުރި. ޚުދު އަހަރެން ވެސް މިހާރު ބޭނުންވަނީ އަލުން އެ ދުވަސްތައް ގެންނަން… އެކަމަކު އެއީ އަހަންނަށް ކީއްކުރަން އެއްވެސް އިންސާނަކަށް ވާނޭކަމެއްނޫން… ރީންއާ ނުލާ އުޅޭނޭ ގޮތެއް އަހަންނަކަށް މިހާރު ނުވިސްނޭ. ދަރިފުޅު ދުށުމަށް އެދި އަހަރެންގެ ހިތާއި ފުރާނަ ވެސް ވަނީ ކެތްތެރިކަން ކުޑަވެފައި… ރީންގެ ގައިގާ ތެޅި މަންޒަރު ބަލަން ހުރިއިރު ޖަހާލާ ކޮންމެ ފަހަރަކު އަހަރެން އެތައްހާސްމަރަކުން މަރުވުމެކޭ އެއްވަރުވި… ރީން… އަހަންނަށް އަދި އެއް ފުރުޞަތުދީ. އަހަންނާ ކައިވެނި ކުރޭ…”

“އީތަން ކިތައްމީހުންނާ ކައިވެނިކުރަންތަ ބޭނުންވަނީ؟”

“އަހަރެން… އަހަރެން އެކަކާ ވެސް ކައިވެންޏެއް ނުކުރަން. ޖަޒްލާއާއެކު އަހަރެންގެ ގުޅުން އޮތް… އެކަމަކު އެ ގުޅުމުގައި އެއްވެސް ކުލައެއްނުޖެހުނު. އަހަންނަށް ޖަޒްލާދެކެ ލޯތްބެއްނުވެވުނު… އެހާ ދުވަހު އެކުގައި އުޅެވުނީތީ ވަކިވާން ބޭނުންނުވެފައި ހުރީ. އެހެންހުއްޓާ ރީން އަހަރެންގެ ހަޔާތަށް އައީ… ހުރިހާ ކަމެއް ވެސް އެހިސާބުން ބަދަލުވެއްޖެ. އަހަރެންގެ މޭގައިވާ ހިތުގައި އިހަށް ނުޖަހާ އެތައް ވިންދެއް ޖަހަންފެށި. އެހެންވެއޭ މިބުނަނީ ރީންއާ އެހެން އެއްވެސް އަންހެންކުއްޖަކާ އެއްވަރެއްނުވާނެއޭ…. ދުވަހަކު ވެސް ނުވާނެ… ޖަޒްލާއާއި އަހަންނާ ދެމެދު އެއްވެސް ގާތްކަމެއް ނުހިނގާ. ރީން ނޫން އެހެން އަންހެންކުއްޖަކާ ދުވަހަކު ވެސް އެކަހަލަ ކަމެއްނުކުރަން. އަހަންނަށް އެނގޭ ރީން ވެސް ފުރަތަމަ އެ ގުޅުން ހިންގީ އަހަންނާއެކުގައިކަން…. އަދި އެއީ ރީން އަހަރެންދެކެ ލޯބިވާތީ ދިން އުފަލެއްކަން… ރީން… ޤަބޫލުކުރޭ… މި އީތަން މިހިރީ ހަމައެކަނި ރީންއަށްޓަކައި… ވީއިރު މި އީތަންއަށް ކުރެވުނު ކުށުގެ ކައްފާރާއެއްކަމުގައި ދެވަނަ ފުރުޞަތެއްދީ…”

“ދެވަނަ ފުރުޞަތެކޭ… އީތަންއަށް އެހާ ފަސޭހަތަ؟ ހުރިހާ ކަމެއް ހަނދާންނައްތާލަންވީތަ؟… ދެން ހެޔޮ…. އީތަން އަހަރެންގެ ގާތަށް އައިސްފީމެންނު. މާފަށް އެދެފީމެންނު… ދެން ދޭ… ދެން ދޭ މިގެއިން…” ގިސްލެވިފައި ހުރި ޒޫރިން ބުނެލިއެވެ. އަދި އީތަންގެ ގައިގާ އަތްއަޅާ ދޮރާ ދިމާއަށް ކޮށްޕަން ފެށިއެވެ. ހަޤީޤަތުގައި ޒޫރިންގެ ހިތްވަނީ މަޑުކަޕަކޮޅަކަށްވެފައެވެ. އީތަންގެ ގައިގާ ބައްދާލަމުން އެ މޭގައި މޫނުފޮރުވައިގެން ހުރެ ރޯލަން ޒޫރިން ބޭނުމެވެ. ދޫކޮށްލާފައި ނުދާށޭ ކިޔާ އާދޭސްކުރަން ވެސް ބޭނުމެވެ. އެ ހުރިހާ އިހުސާސެއް ބޭރުވުމުގެ ކުރިން ޒޫރިން އަވަސްވެގަތީ އޭނާގެ ކުރިމަތިން އީތަން ދުރަށް ލާށެވެ.

“ރީން… ރީން ޕްލީޒް… އަހަރުމެންގެ ދަރިފުޅަށް ޓަކައި… އަހަރެންދެކެ ރީންވީ ލޯތްބަށްޓަކައި… ޕްލީޒް…” އީތަންގެ ވާހަކަތަކުން ޒޫރިންގެ ރުއިން ގަދަވުމާއެކު އޭނާގެ ހަރަކާތްތައް އަވަސްވިއެވެ.

ކޮޓަރީގެ ދޮރުހުޅުވާލަފައި އީތަންކޮށްޕާލިތަން ބޭރުގައި ތިބި ރޭޝްމާ އާއި ތަހުސީނަށް ފެނުނެވެ. ކަންބޮޑުވެފައި އީތަންއާ ދިމާއަށް އެ ދެމީހުން ވެސް އެއްފަހަރާ ބަލާލިއެވެ.

“ބައްޕާ… އޭނަ ކައިރީ ބުނޭ މިގެއިން ދާށޭ…” ޒޫރިންގެ އަތުގައި އީތަން ހިފެހެއްޓުމުން ޒޫރިން ބުނެލިއެވެ. އެހިނދު ތަހުސީނު ކުރިއަށް ޖެހިލާ އީތަންގެ ކޮނޑުގައި އަތްބާއްވާލިއެވެ. އެއާއެކު ތަހުސީނަށް ބަލާލާފައި އީތަން އޭނާގެ އަތް ޒޫރިންގެ އަތާ ވަކިކޮށްލިއެވެ.

އީތަން ސިޑިން ފައިބައިގެން ދަމުން އަދިވެސް އެއްފަހަރު ވަށައިގެން ހޯދާލިއެވެ. ދަރިފުޅު ކޮބާތޯއެވެ. އަދި ހިތްހަލާކުވެ ގިސްލެވިފައި ހުރި ލޯބިވެރިޔާއަށެވެ. ފަނޑުހިނިތުންވުމެއް ތުންފަތަށް ވެރިކުރުވަން އުޅުނު ވަގުތު އީތަންގެ ލޮލުން ކަރުނައިގެ ރޮނގެއް އެޅި ކޯތާފަތުން ފައިބައިގެން ދިޔައެވެ. އެއާއެކު ކަނާތުން ދެ ލޮލާއި ކޯތާފަތް ފުހެލިއެވެ. އޭނާގެ ފަހަތުން ތަހުސީނު އައެވެ. އެގެއިން އޭނާ ނެރެލަނީކަން އެނގި ހުރެ އީތަންގެ ހިތް ރޮމުންދިޔައެވެ. ޒޫރިންއާ ވަކިވާން ބޭނުންނުވިޔަސް މި ވަކިވަނީކަން އީތަންގެ ސިކުނޑި ވިސްނައިދެމުންދިޔައެވެ.

“އަޅުގަނޑަށް މާފުކުރޭ… ތަހުސީނުބޭބެ ދެއްކި ވާހަކަތައް މިކަންފަތުގައި އަދިވެސް ހަރުލާފައި އެބަހުރި. ރީންދެކެ އަޅުގަނޑު ލޯބިނުވާތީއެއްނޫން ނައީ… ފިނޑިވެ ބިރުގަތީ… ވާނޭގޮތެއް ނޭނގޭތީވެ… ޢާއިލާއިން އަޅުގަނޑު ބާކީކޮށްލާ ބޭރުކޮށްލަފާނެތީވެ… ޢާއިލާގެ ނަން އަޅުގަނޑުގެ ސަބަބުން ބަދުނާމުވެ ހިނގައިދާނޭކަން އެނގޭތީވެ… އަޅުގަނޑަށް މާފުކުރޭ…. އެ ދަރިފުޅަކީ ހަމައެކަނި ރީންގެ ދަރިއެއްނޫން. އެއީ އަޅުގަނޑުގެ ވެސް ދަރިއެއް… އެ ދަރިފުޅުގެ ގައިގާ އަޅުގަނޑުގެ ލޭ ނުހިނގާނެ ގޮތެއް އެއީ ނެތްގޮތެއް… އެ ދަރިފުޅާއި އެ ދަރިފުޅުގެ މަންމަ ހޯދަން އަޅުގަނޑަށް ކުރެވެން އޮތްހާ ކަމެއް ކުރާނަން…” އީތަން އޭނާގެ ބަސްތައް އިއްވާލާފައި ދޮރޯށިން ނުކުމެގެން ހިނގައްޖެއެވެ. އެ ތަން ބަލަން އިރުކޮޅަކު ތަހުސީނަށް މަޑުކޮށްލެވުނެވެ. އޭނާއަށް މިއަދު ސިފަވެގެން ދިޔައީ ޚުދު އޭނާ ހުރި ފިޔަވަޅު މަތީ އީތަންވީ ތަނެވެ. އަދި އީތަންގެ ބަސްތަކުން އޭނާގެ ސާބިތުކަން ޔަޤީންވިއެވެ. ޒޫރިންދެކެ އޭނާވާ ލޯބި އެ ދެ ލޮލުން ތަހުސީނަށް ފެނުނެވެ.

* * * *

“މަންމާ! އަޅުގަނޑު ނަމާދަށް ދިޔައިރު ވެސް މަންމަ އިންނެވީ ތިޔަ ސޯފާގައި. މިރޭ ނަމާދު ވެސް ނުކުރައްވާ ރެޔަކީތޯ؟ އަނެއްކާ ކިހިނެއްތޯވީ… ގޭގައި ކަމެއް ގޯސްކޮށް ހިނގީތޯ؟” އިޝާ ނަމާދުކޮށްގެން އައިސް ސިޓިންރޫމު ދޮރުން އެތެރެއަށް ވަން ސުފިޔާނަށް ރާބިއާ ފެނުމުން އަހާލިއެވެ. އަދި އައިސް ސޯފާގައި އިށީނދެ ރާބިއާގެ ޖަވާބަކަށް އިންތިޒާރު ކުރިއެވެ. ނަމަވެސް ރާބިއާ އަނގައިން ބުނުމުގެ ބަދަލުގައި ދެފަރާތަށް ބޯހޫރާލީއެވެ. އެ އިޝާރާތުން ސުފިޔާނު ވަރަށް އަޖައިބުވިއެވެ. ރާބިއާ އޭނަގެ ތަސްބީހަ ހިފައިގެން ޒިކުރުތައް ކިޔުމުގައި އިނުމުން ޓީވީ ހުޅުވަން އުޅެފައި ވެސް ސުފިޔާނު އެ ޚިޔާލު ދޫކޮށްލާ ތެދުވެގެން ކޮޓަރިއަށް އައެވެ.

“ހަމްރާ! މަންމަ ކަމަކާ ހިތްހަމަނުޖެހިފަތަ އެއިންނަނީ؟” ސުފިޔާނު އައިސް ކޮޓަރިއަށް ވަންތަނާ ފާޚާނާއިން ނުކުން ހަމްރާއާ ސުވާލުކޮށްލިއެވެ.

“ނޭނގެ… އީތަންއާ ހެދިހެން ހީވަނީ. ސުފިޔާނު… އަހަންނަށް ހީވަނީ އީތަންއަށް ކޮންމެވެސް ކަމެއް ވެގެން އުޅޭހެން. އޭނާ އަހަރުމެންނަށް ކަމެއް އެބަ ސިއްރުކުރޭ. އެގޮތަށް ކަންކަން ސިއްރުކުރާނަމަ ރަނގަޅެއްނުވާނެ… މަންމަ ވެސް އެހުންނަނީ އެކަމާ ކަންބޮޑުވެފައި ހެން ހީވަނީ. މިއަދު ކަންތައްވީގޮތް ވެސް ކިޔައިދިނީމެއްނު. އީތަން އެހެން ކަންތައްކުރަންވީ ކީއްވެބާއޭ ހިތަށް އަރަނީ. އަދިވެސް ބޭރަށް ދިޔަގޮތަށް ގެއަކަށް ނާދޭ. ވީތަނެއް ވެސް ނޭނގެ”

“ޝައުންއާއެކީގައި ކަންނޭނގެ ތިވާނީ. އޭނާ ނޫނީ އީތަން އެކުގައި އުޅޭ އެހެން އެކުވެރިއަކު ނުހުރެއެއްނު. މަށަށް ހީވަނީ ޝައުންގެ ކަންތައްހެން ތިއުޅެނީ. ކުރިން ވެސް މަ އެހާ ހިތްހަމައެއްނުޖެހޭ. އޭނާގެ ޢާއިލާ މީހުންނަކީ މާލޭގައި ޤަދަރުހުރި ރަނގަޅު ބަޔަކަށް ވިޔަސް އެކުއްޖާގެ އެކަހަލަ ސިފައެއްނެތް… ހަމްރާ ބުނެފިއްޔާ އަހަރެން އީތަންއާ ވާހަކަދައްކަފާނަން”

“ނޫން، ނޫން… ސުފިޔާނު އެއްގޮތަކަށް ވެސް އަދި އެއްޗެއް ބުނާނެކަމެއްނެތް. އަހަންނާއި މަންމައާ ދެ މީހުން އީތަންއާ ވާހަކަދައްކާނަން. ގިނަ ފަހަރަށް ސުފިޔާނަށް ބުނެވޭގޮތުން ކަންތައް އޮންނާނީ ގޯސްވެފައި… ސުފިޔާނު ވެސް މާ ހަރުކަށީއޭ އީތަންއާ މެދު ކަންތައްކުރާގޮތް. ވާހަކައެއް ބުންޏަސް ހީވާނީ ރުޅި އައިސްފައި ބުނާހެން”

“އެއީ ރުޅިއައިސްގެނެއްނޫނޭ. އެންމެން ލޯބިން ވާހަކަދައްކަންޏާ ކަމަކު ނުދާނެ. ކޮންމެވެސް މީހަކު ހުންނަންވާނެ ދަރިންނަށް ކަންކަން މަނާކުރާ މީހަކު ވެސް. އީތަންއަށް ވެސް އަދި އެކަން ވިސްނޭނެ. ހަމްރާ… އަހަރެން މިހާރު ހިތަށް އަރާ އެއްޗެއް ބުނަންތަ؟”

“ބުނެބަލަ… އެކަމަކު ދެން މަޑުކުރެވޭކަށްނެތް. ކާންތައްޔާރުކުރާ ގަޑި ވެސް ޖެހެނީ. ހިނގާބަލަ ބަދިގެފަރާތަށް، ދަމުން ވެސް ތިވާހަކައެއް ބުނެވިދާނެއެއްނު” ހަމްރާ މިހެން ބުނެ ހިނގައިގަތުމުން އޭނާއާއެކު ސުފިޔާނު ވެސް ހިނގައިގަތެވެ.

“އަހަރެން ހިތަށް އަރަނީ އެއްގޮތަކުން ރަނގަޅޭ އީތަން ކައިވެނި ނުކުރިކަން. އަހަންނަށް އެ އަންހެންކުއްޖާއެއް އީތަންއަކާ ނުގުޅޭ… އެއްޗެއް ނުބުންޏަސް މަށަށް ވެސް އެނގޭ އެ ދެމީހުން ވަރަށް މައްސަލަޖެހޭކަން. އީތަންގެ ފަރާތުން ވެސް އެހާ ޝައުގުވެރިކަމެއް ނުފެނޭ… ކައިވެންޏަކާ ހަމައަށް ދާ ގޮތަށްވުރެ އެ ދެމީހުން އުޅެނީ ޅަކުދިން އުޅޭހެން. މާބޮޑު ޚިޔާލެއް ފިކުރެއްނެތް ކަހަލަ ގޮތަކަށް…”

“އަހަންނަށް ހީވަނީ އަހަރުމެން ބުނާނޭ އެއްޗެއް ނޭނގޭތީހެން އީތަން އެ ގުޅުން ކެނޑުނުކަން ވެސް ނުބުނެ އެހާ ދުވަހު މަޑުކުރީ. އީތަންއަށް ކަމުދާ ކުއްޖަކު އަހަންނަށް އެންމެ ރަނގަޅު. އެނގޭ ރަނގަޅު ކުއްޖަކުކަން އީތަންގެ ހަޔާތަށް އަންނާނީ” ހަމްރާގެ ތުންފަތުގައި ހިތްހަމަޖެހުމުގެ ހިނިތުންވުމެއް ވިއެވެ.

އެންމެން ކެއުމަށް އިންސާފު ކުރަން ބަދިގެ ފަރާތަށް ދިޔައިރު ވެސް ރާބިއާ ނުދިޔައެވެ. އޭނާ އެންގީ މިރޭ އޭނާ ނެތަސް ކެއުން ކުރިއަށް ގެންދިއުމަށެވެ. ރާބިއާ ކާނީ ތަންކޮޅެއް ފަހުން ކަމަށެވެ. އޭނާ އިށީނދެ އިން ސޯފާއިން ނުތެދުވުމަށް އަޒުމު ކަނޑައަޅައިގެން އިން ކަހަލައެވެ. އެހެން އިން އިރު އަވަސް ނަޒަރުތަކެއް ސިޓިން ރޫމު ދޮރަށް ހުއްޓާލައެވެ. އަދި ޓީވީ ރެކުގައި ހުރި ގަޑިއަށް ވެސް ބަލާލައެވެ. އިންތިޒާރު އެކުރަނީ ކޮންކަމަކަށްކަން އެކަކަށް ވެސް ނޭނގެއެވެ.

ދޮރޯށިން ވަންނަމުން ދެއަތްތިލަ އިން ލޮލާއި މޫނު ފޮހެލާފައި ނިތްކުރީގައި ހިފަހައްޓާލައިގެން ހުރެ އީތަން އެތެރެއަށް ވަނެވެ. ސޯފާގައި އިން ރާބިއާ ފެނި އީތަން ސިހުނުކަން ޚުދު ރާބިއާއަށް ވެސް އެނގުނެވެ. އެހެންނަމަވެސް އީތަން ނިކަން އަވަހަށް އިސްޖަހާލަމުން އެ ތަނުން ފިލަން އުޅޭހެން ހިނގައިގަތެވެ.

“އީތަން…” ރާބިއާ ގޮވާލިއެވެ.

އީތަންގެ ޠަބީޢަތް ރާބިއާއާ ވާހަކަދައްކަން ހުއްޓޭކަށް އެއްބަހެއް ނުވިއެވެ. އެހެންވެ ފިޔަވަޅު މަޑުޖެހިލާފައި ވެސް ކުރިއަށް ހިނގައިގަތީއެވެ. އެތަން ފެނި ސޯފާއިން ރާބިއާ ތެދުވިއެވެ. އޭނާ އަނެއްކާ ވެސް އީތަންއަށް ގޮވާލިއެވެ. އަދި އީތަންގެ ފަހަތުން އައެވެ. ނަމަވެސް އީތަންއާ އަރާ ހަމަކުރުމުގެ ކުރިން އޭނާ ގޮސް ކޮޓަރިއަށް ވަދެ ދޮރުލައްޕައިފިއެވެ. ރާބިއާ އައިސް ދޮރުގައި ދެ ފަހަރަކު ޓަކި ޖަހާލާފައި ގޮވާލުމުން ވެސް އީތަން ދޮރެއް ނުހުޅުވިއެވެ. ހާސްކަމާއެކު ފުންނޭވާއެއް ރާބިއާއަށް ބޭރުކޮށްލެވުނެވެ.

“މަންމާ! އީތަން ގެއަށް އައީތަ؟” ކައިގެން ސިޓިން ރޫމަށް ނުކުން ސުފިޔާނަށް އީތަންގެ ކޮޓަރި ދޮރުމަތީ ރާބިއާ ހުއްޓިލައިގެން ހުރީތީ ފެނުމުން އަހާލިއެވެ. ލިބިފައިވާ މާޔޫސްކަން ރާބިއާ ފޮރުވަން މަސައްކަތް ކުރަމުން “ހޫން” ލައްވާލާފައި އޭނާ ވެސް ހިނގައިގަތީ ކޮޓަރިއާ ދިމާއަށެވެ. ދެވަނަ އެއްޗެއް އަހަން ސުފިޔާނަށް ފުރުޞަތު ނުދިނުމަށެވެ.

ރާބިއާގެ ސިކުނޑިއަށް އެއްގޮތަކަށް ވެސް ހަމަޖެހުމެއް ނުލިބުނެވެ. ތަފާތު ޚިޔާލުތަކާއެކު އޭނާއަށް ކޮޓަރިތެރޭ ދެކޮޅަށް ހިނގެނީއެވެ. އީތަންގެ ޠަބީޢަތް ރަނގަޅު ނޫންކަން ރާބިއާއަށް ޔަޤީންވެއެވެ. ކަންބޮޑުވަނީ އީތަން ފޮރުވަން މަސައްކަތް އެކުރަނީ ކުޑަކަމެއް ނޫނޭ ރާބިއާގެ ހިތް ބުނާތީއެވެ. ބިރުވެރިކަން ނަފްސަށް ވެރިވެގެން ދަނީ އެހެންވެއެވެ. އީތަންއަށް ސަލާމަތްނުވެވޭވަރުގެ ކަމަކަށް އޭނާ ކުރީ ކޮންކަމެއްކަން އެއްގޮތަކަށް ވެސް ޚިޔާލަށް ގެންނަން ނޭނގޭތީއެވެ. އީތަންއާ ވާހަކަދައްކަން މަސައްކަތް ކުރުމުން ވެސް އޭނާ ފުރަގަސްދޭތީއެވެ. ދެން ހަދާނޭ ގޮތެއް ނޭނގި ރާބިއާއަށް ނިތުގައި އަތްޖައްސާލެވުނެވެ. ދެ ފަރާތަށް ބޯހޫރާލެވުނެވެ. އެއްގޮތަކަށް ވެސް އީތަންއަށް ކަމެއް ވެގެން އުޅޭކަން ސުފިޔާނަށް އަދި އެނގޭކަށް ރާބިއާ ބޭނުމެއްނޫނެވެ. ސުފިޔާނު ކުރާ ސުވާލުތަކަށް އެދެވޭ ޖަވާބެއް އޭނާ ނުދިނީ އެހެންވެއެވެ.

ރޭގަނޑު ދިހައެއްޖަހަން ކައިރިވެފައި ހުއްޓާ ހަމްރާ އައިސް ރާބިއާގެ ކޮޓަރިއަށް ވަނެވެ. އޭނާއަށް ފެނުނީ އެނދުގައި ކަމަކަށް ގެއްލިފައި ރާބިއާ އިން ތަނެވެ. އެހެންވެ ކައިރިއަށް އައިސް ރާބިއާގެ ކޮނޑުގައި އަތްޖައްސާލަމުން ހަމްރާ ވާހަކަދައްކަން ފެށިއެވެ.

“އަޅުގަނޑު މިކޮޓަރިއަށް ވަންކަން މަންމައަށް ނޭނގޭވަރު ކޮންކަމަކަށް ގެއްލިފައި ތިއިނީ… މަންމަގެ ހާލު ރަނގަޅުތަ؟ ސުފިޔާނު ވެސް…”

“އަހަންނަށް އެއްވެސް ކަމެއްނުވޭ. އެކަމަކު އީތަންއަށް ކަމެއްވެއްޖެ. އެކަކު ވެސް އެކުއްޖާގެ ހާލު އެނގެން ނޫޅެނީ ކީއްވެތަ” ހަމްރާގެ ވާހަކަ މެދުކަނޑާލާފައި ރާބިއާ ވާހަކަދެއްކިއެވެ.

“ޖަޒްލާއާ ގުޅުން ހުރި ކަމަކަށް ވެދާނެބާއޭ އަޅުގަނޑު އެބަ ހިތަށް އަރާ” ވިސްނާލާފަދަ ގޮތަކަށް ބޯޖަހާލަމުން ހަމްރާ ބުނެލިއެވެ. އަދި ރާބިއާގެ ގާތުގައި އެނދުގެ މަގަތުގައި އިށީނެވެ.

“ހަމްރާ. އަހަރެންގެ ހިތަށް ވަރަށް އެބަ އުނދަގޫވޭ…”

“ތިހާވަރަށް ދެން ނުވިސްނާ މަންމާ. މިހާރު ދިހައެއްޖަހަން އެއުޅެނީ އަދި ނުވެސް ކަމެންނު. އަޅުގަނޑު މިއައީ ތަށިތައް ވެސް ނުނަގާ. ދެން ހިންގާ ބަދިގެ ފަރާތަށް. އަސްލު މިހާ ލަހުން ނުވެސް ވާނެ ކާކަށް. މަންމަގެ ބަތްޕެންކޮޅު ހޫނުކޮށްލާފައި މިއައީ ވެސް. ދެން ހިނގާ… އަޅުގަނޑު ވެސް މަޑުކޮށްގެން މިހުންނަނީ މަންމައާއެކު ކާންވެގެން”

“އީތަން ހުންނާނީ ނުކައިހެން ހީވަނީ. އޭނާ ގޮވައިގެން ކާންދަމާ” އެނދުން ތެދުވަމުން ރާބިއާ ބުނެލިއެވެ.

އެނދުގައި ބަންޑުން އޮތް އީތަންއަށް ރުއިން ނޫންކަމެއް ނުކުރެވެއެވެ. އެތައް ގަޑިއިރުތަކެއް އޭނާ ކަރުނައާ ހަނގުރާމަކޮށްފިއެވެ. އެހެންނަމަވެސް އެ ކަރުނައިގެ މައްޗަށް އޭނާއަށް ނަޞްރެއްނުލިބުނެވެ. ހިތް ކުދިކުދި ވަނީއެވެ. އެ ހިތް ބޭނުންވި ފަދަ ޖަވާބެއް ނުލިބި ޒޫރިންއާ ވަކިވެގެން އަންނަން ޖެހުމުންނެވެ. ޒޫރިންދެކެ އިންތިހާއަށް ލޯބިވާއިރު އެންމެ ފަހަރަކު ވެސް ޒޫރިންގެ ދުލުން އޭނާ ލޯބިވާކަން ހާމަނުކުރީމައެވެ. އެ ހިތުން އީތަންއަށްޓަކައި އޮތް ލޯބި ފޮހެވިގެން ދިޔައީބާއެވެ. ދެން ދުވަހަކު ވެސް އެ ހަޔާތުން ފުރުޞަތެއް ނެތީބާއެވެ. މި ސުވާލުތަކާއެކު އީތަން އިހުނަށް ވުރެ ބޮޑަށް ބައްދައިގަނެގެން އޮތް ބާލީހުގެ ތެރޭ މޫނު ފޮރުވާލައިފިއެވެ. އަނދިރިކަން ވެރިވެފައިވާ ކޮޓަރީގެ ހަތަރުފާރުގެ ތެރޭގައިވަނީ އިންތިހާ ދަރަޖައިގެ ހިތްދަތިކަމާއި ވޭނެއެވެ. މުޅި ކޮޓަރީގެ ދިރުން ގެއްލިފައިވާ ކަހަލައެވެ. ހިތަށް އޮބިނޯވެގެން ދޭތެރެއަކުން “ރީން”އޭ ކިޔާ އީތަން ގޮވާލައެވެ. ރުއިމުގެ ތެރެއިން އިރުއިރުކޮޅާ ނޭފަތް އެތެރެއަށް ދަމާލައެވެ. މި ހާލެއްގައި އޭނާ އުޅެނިކޮށް ކޮޓަރީގައި ޓަކިދިން އަޑު އިވުނެވެ. އެހެންނަމަވެސް ހިރިލަން ވެސް ބޭނުންނުވެފައި އޮތް ގޮތަށް އޮތީއެވެ. ދެން އިވުނީ ޓަކިދީފައި ރާބިއާ ގޮވާލި އަޑެވެ. އޭނާގެ އަޑު ކެނޑުނުތާ ގިނައިރެއް ނުވަނީސް ހަމްރާ ގޮވާލައިފިއެވެ. ދެން ވެސް އީތަން އަޅައެއް ނުލިއެވެ. އޮތް ގޮތަށް އޮތީއެވެ.

ބަނޑުހައިވުމެއް ވަރުބަލިކަމެއް ނިދީގެ ބުރަކަމެއް އީތަންއަށް އިހުސާސެއްނުވެއެވެ. އެނދުގައި އިށީނދެގެން ދެފައިގައި އުޅަންބޮށި ވިއްދާލައިގެން ދެއަތްތިލަ ޖޯޑުކޮށްލައިގެން އޭނާ އިނެވެ. ޒޫރިންއާއެކު ފާއިތުވެގެންދިޔަ ރޭތަކުގެ މަންޒަރުތައް އޭނާގެ ސިކުނޑީގައި ނިއުޅެމުން އޮޅެމުން ދިޔައެވެ. އެ މަންޒަރުތަކުން ކުޑަ ވެސް އުފަލެއް އީތަންއަކަށް ނުލިބެއެވެ. ރޭގެ ހަތަރުދަން އީތަންއަށް ހޭދަވެގެން ދިޔަ ގޮތް ވެސް ނޭނގެއެވެ. އޭނާގެ ސިކުނޑީގެ ނާރުތައް ފަޅައިގެންދާން ކައިރިވިއެވެ. ދެއަތުން ބޮލުގައި ހިފަހައްޓައިލައިގެން އޭނާ އެނދުގައި އިނެވެ. އެވަރުން ކެތްނުވުމުން ފުންމައިގެން ތެދުވިއެވެ. އެކަނިވެރިކަމާއި ފަޅުކަމުގެ އަނދިރީގެ ތެރެއަށް އީތަންގެ ނަފްސު ގެނބެމުން ދިޔައެވެ. އަތްނުފޯރާފަށަށް ސިކުނޑީގެ ޚިޔާލު އޭނާ ބަލިކަށިކޮށްފިއެވެ. މޮޔައަކު ފަދައިން “ރީން”އޭ ކިޔާ ބާރަށް ހަޅޭލަވަން އޭނާ ބޭނުމެވެ. އެކަމަކު އޭނާ ބާރަށް ހިންދިރުވާލާ އެކަން އޮއްބާލިއެވެ. މޮޅިވެފައިވާ ހިތާއެކު ކޮޓަރިތެރޭގައި ދެ ކޮޅަށް އީތަން ހިނގިއެވެ. އަލިފާން ރޯކޮށްފައިވާ އަނދަވަޅަކަށް މީހަކު އެއްލައިލީމާ ހޭދަކުރާފަދަ ވޭނީ ކެކުޅުމެއްގެ ތެރޭގައި އީތަންވިއެވެ. ފެންނެތްތާކު މަހެއް ތެޅޭ ފަދައިން އީތަން ތެޅުނެވެ. އެހާލުގައި އޭނާ ވަނިކޮށް ހަޤީޤީ ދުނިޔެއަށް ގެނައީ ފަތިސް ނަމާދުގެ ބަންގިއެވެ. ކޮޓަރީގެ އަނދިރިކަމުގެ ތެރެއިން އެނދުގެ އަރިމަތީ ހުރި ކަބަޑުގައި ބާއްވާފައި އޮތް އީތަންގެ ފޯނުން އިވިގެންދިޔަ ފަތިސް ނަމާދުގެ ބަންގީގެ އަޑުން އޭނާގެ ވަށައިގެން ބައްދަމުން އައި ކިއްލާ ފުނޑުކޮށް ބިމާ ހަމަކޮށްލިއެވެ. ކަނިވަމުން ދިޔަ އުންމީދާއެކު ވެސް އެހިތަށް ރޯޝަންކަން ވެރިވި ކަހަލައެވެ. މޫނުގައި ދެއަތް އަޅައިގެން އިރުކޮޅަކު ހުރުމަށްފަހު އީތަން އައިސް ދޮރުކައިރީ ފާރުގައި ހުރި ސުވިޗަށް އޮބާލުމާއެކު މުޅި ކޮޓަރިތެރެ ހުދު އައްޔަކުން އަލިވެގެން ދިޔައެވެ. އެއާއެކު އޭނާ ގޮސް ފާޚާނާއަށް ވަނެވެ.

ފަތިސް ނަމާދުކޮށް ނިމި ޖަމާޢަތުގެ ސަފުތައް ރޫޅުނެވެ. އެއާއެކު ސުފިޔާނު ވެސް އެނބުރުނީ މިސްކިތުން ފޭބުމަށެވެ. އެހިނދު އޭނާގެ ލޮލުގައި އަޅައިގަތީ މިސްކިތުގެ އެންމެ ފަހަތު ސަފުގައި ނަމާދަށް އަރާ ހުރި އީތަންއެވެ. މަޑުކޮށްލެވުމާއެކު ދަރިފުޅަށް ބަލަހައްޓައިގެން ސުފިޔާނަށް ހުރެވުނެވެ. އޭނާގެ ތުންފަތުގައި ހިނިތުންވުމެއް ދުވެލިއެވެ.

“މި ފަދަ މަންޒަރެއް ފެންނާނީ ނަސީބުވެރި ބަފައަކަށް” ހިތާ ހިތުން ސުފިޔާނަށް ބުނެލެވުނެވެ. އަދި އަވަސްވެގަތީ އީތަން ނަމާދުން ފައިބާ ތަނާ ސުފިޔާނު ފެނިއްޖެނަމަ ކަމަކު ނުދާނޭ ހިތަށް އަރާފައެވެ. އެހެންވެ މިސްކިތުން އަވަހަށް ފައިބައިގެން ގެއާ ދިމާއަށް ސުފިޔާނު ހިނގައިގަތެވެ.

ފަތިހުގެ ވަގުތެވެ. އިރުއެރުމާ އެ ދޭތެރޭގައި ގަޑިއެއްހާއިރަށްވުރެ ގިނަ އިރު ހުއްޓެވެ. ގެއަށް އައިސް ވަނުމާއެކު އީތަން ދޮރޯށި ތަޅުލިއެވެ. ސިޓިން ރޫމަށް ވަންއިރު އެތަނުގައިވަނީ ފަޅުކަމެވެ. މަޑުމަޑުން އައިސް ސޯފާގައި އިށީނެވެ. އިރުކޮޅަކު ވިސްނަން އިނުމަށްފަހު ތެދުވެގެން އައިސް ރާބިއާގެ ކޮޓަރީގެ ދޮރުމަތީ ހުއްޓުނެވެ.

“މާމާ… މާމާ…” ޖެހިލުންވެފައި ހުރެ ވެސް ރާބިއާއަށް ދެ ފަހަރަކު އީތަން ގޮވާލިއެވެ.

“ކާކު؟ ދޮރުހުޅުވާފައި ތިހިރީ…” ރާބިއާ ބުނެލިއަޑު އިވުނެވެ. އެއާއެކު މަޑުމަޑުން ރާބިއާގެ ކޮޓަރީގެ ދޮރު އީތަން ހުޅުވާލިއެވެ. އަދި އިސްޖަހާލައިގެން ހުރެ އެތެރެއަށް ވަނެވެ.

“އީތަން… ދަރިފުޅުތަ؟ އަވަހަށް އާދޭ… ނަމާދުކޮށްފިންތަ؟” ނަމާދު ދޮޅިއާއެކު މުސައްލަމަތީ ކިޔަވަން އިން ރާބިއާ ތެދުވިއެވެ. އަދި ހަތިމު އެއްފަރާތުގައި ހުރި މޭޒުގެ މަތީ ބާއްވާލާފައި އައިސް ތަޅުމުގައި އޮތް މުއްސަލަ ނެގިއެވެ. އޭރު ވެސް އީތަން ހުރީ ދޮރުކައިރީ މަޑުކޮށްލައިގެން ހުރި ގޮތަށެވެ.

“އީތަން. ކީއްވެފައިތަ ތިހުންނަނީ؟ މާމަގެ ކޮޓަރިއަށް އީތަން އަލައްތަ ތިވަނީ؟ އެހެންޏާ އަންނަ ގޮތަށް އައިސް މާމަގެ އެނދަށް ޖެހިގަންނާނެ…. އާދެބަލަ” ރާބިއާ އައިސް އީތަންގެ އަތުގައި ހިފައިގެން ގެނެސް އެނދުގައި ބޭންދިއެވެ. ދެން ވެސް އީތަން ވާހަކައެއް ނުދެއްކިއެވެ. ރާބިއާ ތަފާތު އެކި ގޮތްގޮތަށް ވާހަކަފަށައިގެން ސުވާލުކުރީމާ ވެސް އީތަން އަނގައިން ނުބުންޏެވެ. އެއާއެކު އިރުކޮޅަކު ހިމޭނުން ރާބިއާ އިނީ އީތަންއަށް ނަޒަރު ހުއްޓާލައިގެންނެވެ. އަދި އެހެން އިނދެފައި ވާހަކަދައްކަންފެށިއެވެ.

“ދަރިފުޅުގެ ތި ހަމަހިމޭންކަން މާމައަށް ދެނެގަންނަން އެނގޭނަމަ އެއްވެސް ސުވާލެއް ނުކުރާނަން… ދަރިފުޅު ދެކެ މާމަ ލޯބިވާވަރު ހަމަ ރަނގަޅަށް އެނގޭނެ. އިއްޔެ ހަވީރު ދަރިފުޅު ނުކުމެގެން ދިޔައީ ރޮމުންކަން މާމައަށް އެނގޭ. މީ ކުއްލިއަކަށް ދަރިފުޅަށް އައިސްގެން އުޅޭ ބަދަލެއްނޫން… ދުވަސްކޮޅެއްވެއްޖެ ދަރިފުޅު ތިޔަހެން އުޅޭތާ… އެކަމަކު މާމައަށް އެހީވާން އެނގޭނީ ވެސް ދަރިފުޅަށް ވީގޮތެއް އެނގުނީމަ ދޯ”

“އަޅުގަނޑަށް ފާފައެއް ކުރެވިއްޖެ… ވަރަށް ބޮޑު ފާފައެއް…” ރާބިއާއަށް އީތަން ބަލާލި ދެ ލޯ ފުރި ބަންޑުންވެއްޖެއެވެ. ރާބިއާ އަވަސް އަވަހަށް އޭނާގެ ދެއަތުން އީތަންގެ ދެ ލޯ ފުހެލަދިނެވެ.

“ފާފައެކޭ… އީތަން ރޮނީތަ؟” އީތަންގެ ރުއިމުގެ މަންޒަރާއި އޭނާގެ ދުލުން ބޭރުވެގެން ދިޔަ ބަސްތަކުން ރާބިއާ އަޖައިބުވެ އަންތަރީސް ކުރުވިއެވެ.

“މާމާ އަޅުގަނޑު ނުރޮއެ މިއަދު ކީއްތޯ ކުރާނީ؟ ކުރެވުނީ ދުވަހަކު ވެސް މާފު ނުލިބޭނޭވަރުގެ ކުށެއް…” އީތަން ތެދުވެގެން އައިސް ރާބިއާގެ ކުރިމަތީ ދެ ކަކޫމައްޗަށް ތިރިވެލިއެވެ. އަދި ރާބިއާގެ ދެއަތުގައި ހިފާލުމާއެކު އެ ދެއަތުގައި ނިތްކުރި ޖައްސާލިއެވެ. ރާބިއާގެ އެއްވެސް ސުވާލަކަށް އީތަންއަށް ޖަވާބުދެވޭވަރެއް ނުވިއެވެ. އޭނާ ރާބިއާގެ އުނގުގައި ބޯއަޅާލައިގެން އޮވެ ރޮނީއެވެ. އެ މަންޒަރު ދުށުން ރާބިއާގެ ދެ ލޮލަށް ކުޅަދާނައެއްނުވިއެވެ. އީތަންގެ ބޮލުގައި ފިރުމަމުން ތެމެމުންދިޔަ އަމިއްލަ ދެ ލޯ ވެސް ރާބިއާ ފުހުނެވެ.

“އީތަންއަކީ ފަސޭހައިން ރޯކުއްޖެއްނޫން. އެކަމަކު މިއަދު ތިވަރަށް ތި ރޮނީ ކޮންކަމަކާ ހިތުގައިޖެހިގެންތަ؟ ދަރިފުޅަށް ކުރެވުނީ ކޮން ފާފައެއްތަ؟ މާމައަކަށް ކެތެއްނުވާނެ އީތަން ތިޔަހެން ރޯތަން ދުށުމަކަށް… ދެން ހުއްޓާލަބަލަ… ހުއްޓާލާފައި ތި ރުއިމުގެ ފަހަތުގައިވާ އެއްޗެއް ނިކަން ކިޔައިދީބަލަ”

އެތައް އިރަކު ރާބިއާގެ އުނގުގައި ބޯއަޅާލައިގެން އީތަން ރުޔެވެ. އޭނާގެ ރުއިން މަޑުވެ ހިމޭން ކަމުގައި ވެސް ވަގުތުކޮޅެއް ހޭދަވެގެން ދިޔައެވެ. އެހެން އިންދާ އެ ކޮޓަރި ދޮރުހުޅުވާލީ ހަމްރާއެވެ. އަޖައިބުވެ އަންތަރީސް ވެފައި ރާބިއާގެ އުނގުގައި ބޯއަޅާލައިގެން އިން އީތަންއަށް ބަލަން ހުއްޓެވެ. އެހިނދު ރާބިއާ ލޮލުން އިޝާރާތްކޮށްލީ އެ ކޮޓަރިން ނުކުތުމަށެވެ. އެއާއެކު ސިއްރުން ހަމްރާ ހުޅުވައިގެން ހުރި ދޮރު ލައްޕާލިއެވެ. ލޯ މަރާލައިގެން އޮތް އީތަންއަށް ގުދު ވެލާފައި ރާބިއާ ބަލާލިއެވެ. އެ ދެ ލޯ ވަނީ ވަރަށް ބޮޑަށް ދުޅަވެފައިކަން ރާބިއާއަށް ނަގައިގަނެވުނެވެ. ފުންނޭވާއަކާއެކު އީތަންގެ ބޮލުގައި ފިރުމާލެވުނެވެ. މަޑުމަޑުން ލޯ ހުޅުވާލާފައި އީތަން އޭނާގެ މާމައަށް ބަލާލިއެވެ.

“މާމާ… ކައިވެނިން ބޭރުގައި އަޅުގަނޑަށް ވަނީ ދަރިއަކު ލިބިފައި. އެ ދަރިފުޅުގެ މަންމަދެކެ… އޭނާ އެވަނީ އެންމެންގެ ތެރެއަށް ބަދުނާމުވެ ފަޟީހަތްވެފައި… ނަހާލަލަށް ބަލިވެ އިނދެ ވިހެއިކަމުގެ ބަދުނާމު ބޮލުގައި އެޅި އެކަމުގެ އަދަބު ލިބިފައި… އެކަމަކު އެ ކުށުގައި އަޅުގަނޑު ވެސް ހަމަހަމަ… ނަމަވެސް އެކަމުން ބަރީއަވެގަތީ… އެ ކުށުގައި އޭނާ އެކަނިވުމަށް ދޫކޮށްލެވުނީ…” އީތަންގެ ވާހަކަތަކާއެކު ރާބިއާއަށް އިނީ ހުއްޓުން އަރާފައެވެ. އެއްވެސް ހަރަކާތެއްނެތި އޭނާ އިނީ އީތަންއަށް ނަޒަރު ހުއްޓާލި ގޮތަށެވެ. އެންމެ ލޯބިވާ މާމަ ދަރިފުޅު ދައްކަމުން ދިޔަ ވާހަކައަކީ ދޮގަކަށް ވާނޭ ނަމައޭ ރާބިއާގެ ހިތާއި ޟަމީރު ބުނަމުން ދިޔައެވެ. އެހެންނަމަވެސް އީތަންގެ މޫނުމަތީގައި އެވާ އަސަރުތައް އޭނާގެ ވާހަކައަށް ހެކިވެއެވެ.

“އީތަން…” ބުނާނޭ އެއްޗެއް ނޭނގި އެހެންނަމަވެސް ކަމުގެ ބާވަތުން ރާބިއާއަށް ހަމައެކަނި އީތަންގެ ނަމުން ގޮވާލެވުނީއެވެ.

“މާމާ… އަޅުގަނޑަށް އެނގޭ ކުރެވުނީ ކިހާ ވަރެއްގެ ކުށެއްކަން. އަޅުގަނޑު ބޭނުންވަނީ ކައިވެނިކުރަން… އަޅުގަނޑަށް އެ ދަރިފުޅާއި އެ ދަރިފުޅުގެ މަންމަ ވަރަށް މުހިންމު…”

ކުއްލިއަކަށް ރާބިއާ އިންތަނުން ތެދުވެ އީތަންއާ ދުރަށް ޖެހިލިއެވެ. އެއާއެކު އީތަން ވެސް ތެދުވެއްޖެއެވެ. އަދި ރާބިއާގެ ގާތަށް ޖެހިލިއެވެ.

“މާމާ…” އީތަންގެ ދުލުން ރާބިއާއަށް ގޮވާލި ވަގުތު ބޭއިޚްތިޔާރުގައި އޭނާގެ މޫނުގައި ރާބިއާއަށް ޖެހުނެވެ.

“ތިވަރުކަމެއް އީތަން ކުރީ ކީއްވެ؟ އަންހެނުންނަށް ކުރަންޖެހޭ ޤަދަރާއި ދޭންޖެހޭ އިއްޒަތް އީތަން ހަނދާންނެތުނީ ކީއްވެ؟ އަންހެންކުއްޖަކަށް އެންމެ މުހިންމު އެއްޗަކީ އޭނާގެ އިއްފަތްތެރިކަން… ވީއިރު އެ އިއްފަތްތެރިކަމަށް އީތަން އަތްފޯރުކުރިއިރު ތި ހިތަށް އެއްޗެއް ނޭރިތަ؟ ދުނިޔެއަށް ދަރިއަކު އުފަންކުރަންވާނީ ދެ މަފިރިންގެ ގޮތުގައި ހަލާލު ކައިވެނީގެ މަތީގައި. އީތަންއަށް މާމަ ދެމުން އައި ނަޞޭހަތުގެ އެއްވެސް އަގެއްނެތްކަން މިއަދު ތި ސާބިތުކޮށްދިނީ…”

“މާމާ… ތި ދެއަތުން އަޅުގަނޑުގެ ގައިގާ ތަޅާ… ގަދަފަދަވެގެންވާ އުޤޫބާތެއް ދީ. އެ ހުރިހާ ކަމެއް ވެސް އަޅުގަނޑަށް ހައްޤު. އަޅުގަނޑަށް މަގުއޮޅުނީ… އެ ނުބައި ޢަމަލު ހިންގުނީ… މާމާ، އަޅުގަނޑުގެ މޫނުގައި އަދިވެސް ޖަހާ…” އީތަން އައިސް ރާބިއާގެ އަތްނަގާ މޫނުގައި ޖެއްސިއެވެ. އެހިނދު ނިކަން އަވަހަށް ރާބިއާ އަތްދަމައިގަނެއްޖެއެވެ.

“މާމަ ބުނާނީ ކީކޭ؟ އެ ކުއްޖާ މިހާރު ކޮބާ؟” ރާބިއާ މިހެން އެހުމާއެކު ޒޫރިންގެ ހުރިހާ ކަމެއް އީތަން އޮޅުންފިލުވައިދިނެވެ. އީތަންގެ ސަބަބުން ޒޫރިންއަށް ލިބިފައިވާ ފުން ހިތާމަ ދެނެގަންނާކަށް ރާބިއާއަކަށް އުނދަގުލެއްނުވިއެވެ. އީތަންގެ ހިތަށް އެހާ ބޮޑު އަސަރެއްކޮށް އޭނާ ރަނގަޅު މަގު ޚިޔާރުކުރީތީ އެކަމާ ރާބިއާއަށް ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ލިބުނެވެ. ނަމަވެސް އޭނާގެ ކިބައިން ހާސްކަމެއް ފިލައިގެނެއް ނުދިޔައެވެ.

“ރީންއަށް އެގޮތަށް ކަންތައް ކުރަން މަޖުބޫރުކުރުވީ ހަމަ އީތަންއެއްނު… އޭނާ މިއަދު ކޮންމެ ނިންމުމެއް ނިންމި ނަމަވެސް އީތަން ޖެހޭނީ ޤަބޫލުކުރަން…”

“ހެޔޮނުވާނެ މާމާ… އަޅުގަނޑު ކޮންމެފަދަ ކަމަކަށް ވެސް ކެތްކޮށްފާނަން. އެކަމަކު ތިޔަހެން ނުބުނޭ. އަޅުގަނޑު ރީން އާއި ދަރިފުޅު ބޭނުން. ރީން ނޫން މީހަކާ އަޅުގަނޑު ދުވަހަކު ވެސް ކައިވެންޏެއް ނުކުރާނަން. ކޮންމެ މީހަކަށް ވެސް ކުށެއްކުރެވިދާނެއޭ މާމަ ވެސް ބުނަމެއްނު… އަޅުގަނޑަށް ކީއްވެ ދެވަނަ ފުރުޞަތެއް ނުލިބެންވީ… އަޅުގަނޑު ހުރިހާ ކަމެއް ރަނގަޅުކުރާނަން… ދުވަހަކުވެސް ދެން ރީން ދެރަވާވަރުކަމެއް ނުކުރާނަން…”

“ރީން ދެކެ އެހާ ވެސް ލޯބިވޭތަ؟” މޮޔައެއް ފަދައިން އީތަން ވާހަކަދައްކަނިކޮށް ރާބިއާ އަހާލިއެވެ.

—  ނުނިމޭ  —

Leave a Comment

Your email address will not be published. Required fields are marked *