DHEBEENUN [EP-19]

އިސްތަށިގަނޑުގެ ތެރެއަށް މަހާލެވުނު ދެއަތުން ކަންފަތާއެކު ހިފަހައްޓާލިއިރު، އިސްތަށިތައް ބުޑުން ލުހިގެން ހިނަގއިދާނެހެން ހީވެއެވެ. އަޑު ނާހަން ޝާމާ ދެފަރާތަށް ބޯހޫރައެވެ.

“ދޮންތީއަށް އެއްޗެހި ގަންނަން ނުކުމެފައި، ޝާމާއަށް ގަތް އެއްޗެއް މީ.” އިވުނީ ބައްޕަގެ އަޑެވެ.

“އޭނަ ވެސް ޝާމާހެން ވީނަމަ، އެއްކަމެއް ވެސް ރަނގަޅަށް ކުރަން އެނގެނީއެއްނޫން.” މަންމަ ބުންޏެވެ.

“ހޭ!… އެއީ ޝާއިނާގެ ޓުވިންސް ދޯ، ހާދަ ވައްތަރެއް، އަހަރެން ހީކުރީ ޝާއިނާކަމަށް.” ސުކޫލަށް ދިޔައިރު ކުލާސް ކުދީން ބުނާ އަޑު ޝާމާއަށް އިވުނެވެ.

އެކިފަހަރު މަތިން އިވިފައި ހުރި އެތައް އަޑެއް ޝާމާގެ ސިކުނޑީގައި ގުގުމަމުން ދިޔައެވެ. ބާރަށް އޭނާ ހަޅޭލަވަން ފެށިއެވެ. ވަށައިގެން އިވެމުންދިޔަ އަޑުތައް މަޑުވެ ހިމޭންކަން ވެރިވަންދެނެވެ. ކަރުން ހަންދާވަރުވީ ފަހުން އޭނާ ހަޅޭލެވުން ހުއްޓާލިއެވެ. ދެކަންފަތު އަޅައި ބާރުކޮށްފައިވި ދެއަތް ތިރިކޮށްލީ އަތުގައި ވާގިނެތް ފަދައިންނެވެ. ދެން ހުރި ދިމާއަށް ޝާމާ ތިރިވެއްޖެއެވެ. ތަޅުންމަތީ ދެއަތް ވިއްދާލަމުން ހިކި ކެއްސުމެއް އޭނާ ކެއްސިއެވެ. ޝާމާގެ މުޅި ނަފްސު ވަރުބަލިވެފައިވާ ކަހަލައެވެ.

“އަހަރެން ދުނިޔެއަށް އައިސުރެން… އަހަރެންނެކޭ އޭނާގެ ހިޔަންޏެކޭ ތަފާތެއްނެތް، އަހަރެންގެ އަމިއްލަ އެއްޗެކޭ ބުނާނޭ ހަމައެކައްޗެއް ވެސް ނެތީ، އެންމެ ފުރަތަމަ ދުވަހުން ފެށިގެން… ހުރިހާ އެއްޗެއް… އަހަރެންގެ ސިފައަށް ދަންދެން… އޭނާގެ އެއްޗެއް ކަހަލަ، އެންމެންނަށް އަހަރެން ފެންނަނީ އޭނާގެ ސިފައިގަ… އަހަރެންގެ މޫނު…” ޝާމާއަށް މޫނުގައި ދެއަތްތިލަ މަޑުމަޑުން ހިންގާލެވުނެވެ. ކުއްލިއަކަށް ކަމެއް ހަނދާންވީ ފަދައިން ޝާމާ ފުންމައިގެން ތެދުވެއްޖެއެވެ.

“ޔެސް… އައި ޑޫ ހޭވް ސަމްތިންގް… ސަމްތިންގް ދެޓް ޝީ ޑަޒަންޓް ހޭވް.” ޝާމާ ހަލުވިކޮށް އައިސް ކޮޓަރިއަށް ވަނެވެ. އޭނާ އައިސް ހުއްޓުނީ ކޮޓަރީގައި ހުރި އިސްކޮޅުވަރުގެ ލޯގަނޑު ކުރިމަތީއެވެ.

ލޯގަނޑުން އަމިއްލަ ސޫރައަށް ޝާމާ ބަލަން ހުއްޓެވެ. ލޯކައިރީ އިން މަލަންކޮޅު ޝާމާގެ ލޮލުގައި އަޅައިގަތެވެ. އެއާއެކު އޭނާ ހޭން ފެށިއެވެ. މޮޔައެއްހެން ބާރަށް ހޭނީއެވެ. ދެން ލޯކައިރީ އިން ކުޑަކުޑަ މަލަންކޮޅު ނައްޓުވާލައިފިއެވެ. އޭނާއާއި ޝާއިނާއާ ދެމީހުން ވަކިކުރަން އެނގޭ ހަމައެކަނި ނިޝާނަކީ ޝާމާގެ ވައަތު ލޯ ކައިރީ ކޯތާފަތަށްވުރެ މައްޗަށް ވާހެން އިންނަ ކަޅުތިލައެވެ. އެ ކަޅުތިލަ މިހާރު ފެންނާކަށް ނެތެވެ. އޭނާ އެ ކަޅުތިލަ ނަގަން ބޭނުންވެފައިވާތާ ކިތަންމެ ދުވަހެކެވެ. ޑަކްޓަރުގެ އެޕޮއިންމެންޓު އިއްތިފާހުން ހަމަޖެހުނީ ވެސް އެ ދުވަހުގެ ހެނދުނަށެވެ. ވަރަށް ކުޑަކުޑަ އޮފަރޭޝަނެކެވެ. އޭނާގެ މޫނުގައި ލަކުނެއް ނުވާނޭހެން ޑަކްޓަރުވަނީ އެ ކަޅުތިލަ ނަގައިދީފައެވެ. ލޯގަނޑުން ފެންނަން ހުރި މޫނުގައި ދުވަހަކުވެސް ކަޅުތިލައެއް ނުވާ ކަހަލައެވެ. ޝާމާ ހެމުންހެމުން މޫނުގައި ފިރުމާލިއެވެ.

“ދެޓްސް ޓޫ ބޭޑް… ނޫންތަ ޝާއިނާ…” ލޯގަނޑުން ފެންނަން ހުރި އަމިއްލަ ސޫރައަށް ޝާމާ ބުނެލިއެވެ.

އަމިއްލަ ސޫރައާ ޝާމާ ވާހަކަދެއްކިއެވެ. ކިތަންމެ މަސައްކަތެއް ކުރިޔަސް ދެން ދުވަހަކުވެސް ޝާއިނާއަށް ސަލާމަތެއްނެތޭ ޝާމާ ބުނެލިއެވެ. އޭނާގެ ކިބައިން ސަލާމަތްވާން ޝާއިނާ މަސައްކަތްކުރާ ވަރަކަށް ބީވެގެންދާ އެއްޗިއްސާއި ކަންކަން ގިނަވާނެއޭ ޝާމާ ބުނެލީ ވިހަ ހީނލުމަކާއެކުއެވެ.

“އެހެންވީމަ… ދެން ކިހިނެއް ހަދާނީ؟” ޝާމާ އެނބުރިލުމާއެކު ބުނެލިއެވެ. އޭނާގެ ސިކުނޑީގައިވީ ރަނގަޅު ޚިޔާލުތަކެއްނޫނެވެ.

* * * * *

ޝާއިނާ ގެއަށް އައުމަށް ފެރީގައި އިންއިރު އެކިކަންކަމާ ވިސްނިއެވެ. އެ ދުވަހަކީ ރާޔަންއާއި ޝާއިނާ އެންމެފަހުން ބައްދަލުވި ދުވަހެކެވެ. ރާޔަންގެ ހިތުގައިވި ޖަޒުބާތުތަކަށް ދޭނޭ ނަމެއް ނޭނގިފައި އޭނާވީއިރު، ޝާއިނާ ކުޑަކުޑަ ހިތްވަރެއްކޮށްލި ނަމަވެސް ރާޔަންގެ ހިތް އޭނާގެ މައްޗަށް ލެނބޭނެކަން ޚުދު އޭނާއަށް އެނގެއެވެ. އޭރު އެއީ ޝާއިނާ ބޭނުންވީ ގޮތެއް ނޫނެވެ. ހަޔާތަށް ބައިވެރިއެއް ގެންނަން ޝާއިނާ އެއްގޮތަށް ވެސް ތައްޔާރުނޫނީއެވެ. ރާޔަންއަށް ވެސް އެކަން އެނގެއެވެ. އޭނާ ޝާއިނާއަށް އެއްވެސް ކަމެއްގައި މަޖުބޫރުކުރަން ބޭނުންނުވީއެވެ. އެހެންނަމަވެސް އެދުވަހު ރާޔަންއާއި ޝާއިނާއާ ވަރަށް ގިނަ ވަގުތު ވާހަކަދެއްކުމުގައި ހޭދަކުރިއެވެ. ރާޔަން ހަދަމުން އަންނަ ކޯސް ނުނިމުނަސް އެ ކޯސް އެހެން ތަނަކުން ފުރިހަމަކުރާނީ ކަމުގައި ބުންޏެވެ. އޭނާ އެ ކޮލެޖުދެކެ ފޫހިވީއެވެ. ކޯސް ނިމުމުން އޭނާ ވަޒީފާއަކަށް ވަންނަން ގަސްދުކުރާ ކަމުގައި ބުންޏެވެ. ނޫންނަމަ އޭނާގެ ބޮޑުބޭބެ ގާތަށް އޮޅުދޫކަރައަށް ބަދަލުވާނީ ކަމުގައި ބުންޏެވެ. ޝާއިނާ މުސްތަޤުބަލާމެދު ރާވާފައިވަނީ ކިހިނެއްތޯ އޭނާ އެއްސެވެ. އެ ސުވާލަށް ދޭނޭ ޖަވާބެއް ޝާއިނާގެ އަތަކުނެތެވެ. ރާޔަންގެ ފަރާތުން ފެނުނު ގިނަ ސިފަތައް ޝާއިނާއަށް ކަމުދިޔައެވެ. އެހެންނަމަވެސް ޝާއިނާ ޤަބޫލުކުރާ ގޮތުގައި ހަޤީޤަތަކީ ރާޔަން ކަހަލަ ރަނގަޅު ޒުވާނަކަށް، އޭނާއާއި ޝާމާ ވަނީ ތަކުލީފުތަކެއް ދީފައިކަމެވެ. ރާޔަންގެ ސާފު ހިތާއި އެ ދެމީހުންނަށް ވެސް ކުޅެވިއްޖެކަމެވެ.

މަޑު ހިނގުމުގައި ގެއާ ދިމާއަށް އައިއިރު ވަށައިގެން ވެރިވެފައި އޮތީ އަނދިރިކަމެވެ. ޝާމާ ހައްދުފަހަނަ އަޅައިގެންކަން އެދަނީ ޝާއިނާއަށް ޤަބޫލުކުރެވެއެވެ. އެހެންމީހުންނަށް އޭނާ ހިތުހުރި ގޮތެއް އެ ހަދަނީ، އެ ހިތުގައި އިންސާނިއްޔަތުކަމެއް ވެސް ނެތީބާއޭ ޝާއިނާގެ ހިތަށް އަރަމުންދިޔައެވެ.

“ޝާމާއާ އަދި އެއްފަހަރު މިކަމާ ވާހަކަދައްކަންވީ ކަންނޭނގެ… އަސްލު މައްސަލައަކީ ކޮބާކަމެއް އޭނާ ނުބުނޭ، އަހަރެމެން ދެމީހުން ވައްތަރުވުމަކީ އަހަރެން ގަސްދުގައި ކުރިކަމެއްނޫން.” ގޭގެ ގޭޓުން އެތެރެއަށް ވަންނަމުން ޝާއިނާ އަމިއްލަ ނަފްސަށް މަޑުމަޑުން ބުނެލިއެވެ.

ކުއްލިއަކަށް ޝާއިނާގެ ފިޔަވަޅު މަޑުޖެހުނީ މައިދޮރު ހުޅިފައި ހުރުމުންނެވެ. ވަށައިގެން ބަލާލުމާއެކު އޭނާ ދޮރު ކޮށްޕާލިއެވެ. ވަގެއްވަނީބާއޭ ހިތަށް އަރާފައި ހުރެ އެތެރެއަށް ފިޔަވަޅު އަޅާލިއެވެ. ގޭތެރެ އެހާ އަނދިރީ ކީއްވެބާއޭ ޝާއިނާ ސުވާލު އުފެދުނެވެ. އެހިނދު ކުރިމަތިން ޝާމާ ފެނުނެވެ. ޝާއިނާއަށް އެއްޗެކޭ ނުބުނެވެނީ އޭނާގެ އަތުގައި ހިފައި އެތެރެއަށް ވާހެން ޝާމާ ދަމައިގަނެއްޖެއެވެ. ދެން ގިނައިރެއްނުވެ ފެނުނީ ގޭގެ ދޮރު ލެއްޕިތަނެވެ.

* * * * *

ރާޔަންއާއެކު ބޭރަށް ދަނީކަން ޝާއިނާ ބުނިފަހުން އޭނާގެ ޚަބަރެއް ނުވެއެވެ. ޒީނިޔާ ކުރި އެއްވެސް މެސެޖަކަށް ވެސް ޖަވާބެއް ނުދެއެވެ. ނިދަން ތައްޔާރުވެ އެނދަށް އަރައި އިނދެ ޒީނިއާ އަނެއްކާ ވެސް ޝާއިނާގެ ފޯނަށް ގުޅޭތޯ ބެލިއެވެ.

“ފޯނު ނަގާބަލަ އިނާ.” ކަންފަތުގައި ފޯނު ޖައްސާލައިގެން އިނދެ ޒީނިޔާ ބުނެލިއެވެ. ރިންގުވެފައި ފޯނު ކެނޑެނީއެވެ.

ޝާއިނާއަށް ކަމެއްވީބާއޭ ޒީނިޔާގެ ހިތަށް އެރިއެވެ. އެހެންނަމަވެސް ގަޑިންވީއިރު ބަލާލާފައި އޭނާގެ ވިސްނުން ބަދަލުވިއެވެ. ވަރުބަލިވެގެން ޝާއިނާ ނިދީކަމަށް ވެދާނޭ ޒީނިޔާ ހީކުރިއެވެ. ހެނދުނުން ޝާއިނާގެ ޚަބަރެއްނުވިއްޔާ އެގެއަށް ދާނީކަމުގައި ޒީނިޔާ ނިންމިއެވެ. އެނދުގައި އޮށޯވެ ހަމަޖެހިލި ނަމަވެސް އޭނާގެ ސިކުނޑީގައި ދައުރުވާންފެށި ޚިޔާލުތަކުގައިވީ ޝާމާއެވެ. ޝާއިނާއަށް ކަންތައް ދިމާވިގޮތާމެދު އޭނާއަށް އަބަދުވެސް ވިސްނެއެވެ.

* * * * *

ހޭނެތިފައި އޮތް ޝާއިނާއަށް ބަލަން ޝާމާ ހުއްޓެވެ. ޝާއިނާގެ މޫނަށް ވެރިފައި ހުރި އިސްތަށިތައް އެއްފަރާތްކޮށްލުމާއެކު ޝާމާ ހިނިތުންވެލިއެވެ. ކުޑަވަގުތުކޮޅަށް އަދި ނިދާފައި އޮތުމަށް ޝާމާ ބުނެލިއެވެ. ހޭއަރަންވާއިރު، ހުރިހާކަމެއް އޮންނާނީ ނިމުމަކަށް އައިސްފައިކަން ޝާމާ ބުންޏެވެ. ޝާއިނާގެ އަތްތިލަ ހިއްލާލައި އޭނާގެ ޝަހާދަތްއިނގިލީގެ ނިޔަފަތީގައި ޝާމާ ދަތްއެޅިއެވެ. ހަފާލުމާއެކު ޝާއިނާގެ ނިޔަފަތިގަނޑު ޝާމާގެ ދަތުން ނައްޓުވާލައިފިއެވެ.

މަޑުމަޑުން ދެ ލޯ ހުޅުވާލި ޝާއިނާއަށް ފާހަގަވީ ތަނުގެ އަލިގަދަކަމެވެ. ދެތިންފަހަރަށް އެސްފިޔަ ޖަހާލުމަށްފަހު އަލުން އޭނާ ލޯ ހުޅުވާލައިފިއެވެ. ކުރިމަތިން ފެންނަން ހުރީ ލޯގަނޑެކެވެ.

“އަހަރެންގެ ބޮލަށް ތަދުވޭ… އަތަށް ވެސް އެބަތަދުވޭ… ކިހިނެއް؟ އަހަރެން އަނބުރައި ގަތީތަ؟ ކިހާއިރެއްވެގެން އެއުޅެނީ؟” އަމިއްލަ ހިތާ ޝާއިނާ ވާހަކަދެއްކިއެވެ. އޭނާއަށް އަޑުފަށްގަނޑެއް އިވި މޫނު އެ ދިމާއަށް އަނބުރާލެވުނެވެ. އެއީ ކޮންއަޑެއްކަމާމެދު އޭނާ ސުވާލު އުފެދުނެވެ. ދެން ހަނދާންކުރަންފެށީ އޭނާއަށް އެ ހާލުގައި އިންނަން ޖެހުނު ގޮތަކާމެދުއެވެ. ބޮލުގައިވީ ރިހުމާއެކު މަޑުމަޑުން ޝާއިނާއަށް މަޑު އާހެއް ލައްވާލެވުނެވެ.

“ހޭ އެރީތަ؟” ދާދި ގާތުން އިވުނީ ޝާމާގެ އަޑެވެ.

ޝާއިނާގެ ދެ ލޯ ބޮޑުކޮށްލެވުނެވެ. ކުރިމަތީ ހުރި ލޯގަނޑުން ޝާއިނާއަށް ފެނުނީ ޚުދު އޭނާއެވެ. އޭނާ ގެއަށް އައިއިރު ލައިގެން ހުރި ހެދުމާއި، އޭނާގެ ކަޅުކަން ގަދަ ދިގު އިސްތަށިގަނޑެވެ. އެކަމަކު އެއީ ހަޤީޤީ ޝާއިނާއެއްނޫނެވެ. އަމިއްލަ ސޫރައަށް ޝާއިނާއަށް ބަލާލެވުނެވެ. އޭނާގެ ދިގު އިސްތަށިގަނޑު ކޮށާލެވިފައި ހުރީ ޝާމާގެ އިސްތަށިގަނޑު ހުންނަވަރަށެވެ. އޭނާ ލައިގެން އިނީ ޝާމާގެ އެންމެފަހުން ލައިގެން އުޅުނު ހެދުމެވެ. ހަމައެއާއެކު ޝާއިނާގެ ފަހަތުގައި މަޑުކޮށްލައިގެން ހުރި ޝާމާގެ އަތަށް ލައްވާފައި އޮތް އަންގިއާއި އޭނާގެ ކަނާއަތުގައި އޮތް ކަތުރު ފެނިއްޖެއެވެ. ޝާއިނާ ތެދުވަން އުޅުމުން އޭނާގެ ކޮނޑުގައި ޝާމާ އަތްއަޅައި ތިރިކުރުވިއެވެ.

“މަޑުން އިނދޭ… އަހަރެންގެ އަތުގައި މިއޮތީ ތޫނު ކަތުރެއް، ނުބަލާނަމަ މީގެ ކޮންމެފަދަ އަނިޔާއެއް ވެސް ލިބިދާނެ.” ޝާމާ ބުނެލިއެވެ.

ކަންބޮޑުވެ ހާސްވީވަރުން ޝާއިނާއަށް ހިންދިރުވާލެވުނެވެ. އޭނާއަށް ފެންނަން ހުރީ އަމިއްލަ ކޮއްކޮ، ޝާމާ ކަމާމެދު ޝާއިނާ ސުވާލު އުފެދެއެވެ. އެ އަންހެންކުއްޖާ ހީވަނީ ޝާއިނާގެ ލެޔަށް ފެންބޮވައިގަނެފައިވާ ހެނެވެ. ޝާމާގެ އިސްތަށިގަނޑު ކުއްލިއަކަށް އެހާ ދިގުވީ ގޮތަކާމެދު ޝާއިނާއަށް ވިސްނާލެވުނެވެ.

“މީ… މީ ކޮންކަމެއް؟ ޝާމާ! ކީއްތިކުރަނީ؟” މަޑުމަޑުން ޝާއިނާ ވާހަކަދެއްކިއެވެ. އޭރު ޝާމާ ހުރީ އިސްތަށިގަނޑެއް ޖަހައިގެންކަން ޝާއިނާއަށް ޤަބޫލުކުރެވުނެވެ.

“އެނގޭތަ އަހަރެންގެ އެންމެ ކުރީގެ ހަނދާނަކީ ކޮބާކަން؟ އެއީ އަހަރެން ބާތްޑޭ… އަހަރެމެން ދެ މީހުންނަށް ވެސް ހަދިޔާގެ ގޮތުގައި ލިބުނީ ކަފަލައްވާފައި އޮތް ބުދެއް، އެކަމަކު ހަމައެކަނި ކަލޭގެ ބުދުގައި ރަތްކުލައިގެ ރިބަންކޮޅަކުން ޓައީއެއް ޖަހާފައި އިނީ، އަހަރެން ބޭނުންވީ އެ ބުދު… ފަހުން އަހަރެން އެހުމުން، އެމީހުން ބުނީ ކީކޭކަން އެނގޭތަ؟ އެމީހުން އެއްކަހަލަ ދެ ބުދުވީމާ ޝާއިނާގެ ބުދަކީ ކޮބާކަން ވަކިކުރާށޭ އެ ޓައީ ހަރުކުރީ… އޭގެ ފަހުން ހުރިހާ އެއްޗެއްގައި ރަތްކުލައިގެ ރިބަންކޮޅެއްވި… އައި ވޯންޓެޑް އިޓް ސޯ ބޭޑްލީ، އެކަމަކު އަހަންނަށް ރިބަންކޮޅެއް ދޭނޭ މީހަކު ނުވި… އަހަރެން ބޭނުންވަނީ ކޮންގޮތެއްތޯ އަހާލި މީހަކުނެތް، އަ ފަކ** ރިބަން… ޔޫ…. ޔޫ ސެޑް އިޓް ވޯޒް އޯކޭ…” ޝާމާ ކަތުރު ހުޅުވާލުމާއެކު އޭގެ އެއްކޮޅު ޖައްސާލީ ޝާއިނާގެ ކަތުރުކަށިގަނޑާ ދިމާލުން ކަރުގައެވެ. ބިރުގަނެ ޖެހިލުންވެފައި އިންވަރުން އަޑެއް ލައްވާލާކަށް ޝާއިނާއަކަށް ނުކެރުނެވެ. ކަތުރުގެ ކޮޅު ހެރޭކަމުގެ އިޙްސާސް ކުރެވޭތީ ދުރަށްވާހެން މަޑުމަޑުން ޝާއިނާ ބޯއަރިކޮށްލިއެވެ. ޝާމާގެ އަނެއްއަތުން އެވަގުތު ހިފީ ޝާއިނާގެ ކަރުގައެވެ.

“އަބަދުވެސް ކަލޭގެ ގޮތަކީ އެއީ، އެއްވެސް އެއްޗެއް ހިލޭ ނުދޭނެ، ހިތްހެޔޮ މާ ދީލަތި މީހަކަށް ވެގަނެއްގެން އުޅޭނީ، ހުސް ދެއްކުންތެރިކަން… އެންމެފަހުވަގުތު އަބަދުވެސް ކަލޭ ދޭ ކޮންމެ އެއްޗެއް އަނބުރާ އަތުލާނެ، ޔޫ އޯލްވޭޒް ޓޭކް އިޓް ބެކް، އަހަރެން ބޭނުންވުމުން އެ ބުދު ދީފަ ވެސް ކަލޭ އެ އަތުލީ، އަހަރެން ލައިކްވެގެން ބުނީމާ، ކަލޭ ބުނީ އޭނާ އަހަރެންގެ ބޯއިފްރެންޑަކަށް ވާނޭ… އެކަމަކު އޭނާ އަހަރެން ދުށީ ކަލޭގެ ގޮތުގައި… އޭނާ ފުރަތަމަ ބޭނުންވީ ހަމަ ކަލޭ… ޔޫ ނޯ ވަޓް… އަހަރެންގެ އަތުން ހުރިހާ އެއްޗެއް ކަލޭ ފޭރިގަންނައިރު، އެކަން އެހެންވާން ދޫކޮށްލީ ކީއްވެކަން އެނގޭތަ؟ ސަބަބަކީ އެއިން އެއްވެސް ކަމެއް އަހަރެން ބޭނުންނުވީމަ… އަހަރެންނަށް މުހިންމީ އެހެންކަމެއް، އަހަރެން ހަޤީޤަތުގައި ބޭނުންވަނީ ކޮންކަމެއްކަން ބުނަންތަ؟…” ޝާމާ މިހެންބުނެ ގުދުވެލިއެވެ. ޝާއިނާގެ ކަންފަތާ އަނގަ ކައިރިކޮށްލުމާއެކު ލޯގަނޑުން ދައްތަގެ ސޫރައަށް ޝާމާ ބެލިއެވެ.

“ކަލޭގެ ވުޖޫދަށް އަހަރެން ވާނީ… މި ދުނިޔޭގައި ކާލޭވާނަމަ، އެމީހަކީ އަހަރެން… ޝާއިނާއަކީ އަހަރެން…” ކަތުރު ވެއްޓި ތަޅުމުގައި ޖެހުނު އަޑު އިވުނެވެ. ހަމައެވަގުތު ޝާމާގެ ދެއަތް ޝާއިނާގެ ކަރުގައި ވަށާލައި ބާރުކުރަން ފެށިއެވެ.

“އައި އޭމް ގޮއިން ޓު ބިކަމް ޔޫ.” ޝާމާ ބުންޏެވެ.

* * * * *

“ދެޓް ބިޗް، އަބަދުވެސް އޭނާ ބޭނުންވާގޮތައް ހުރިހާކަމެއްވާންޖެހޭނީ… އަހަރެންމީ އަޅެފަހެ ޖޯކެއްތަ އޭނައަށް؟ ޝީ ޖަސްޓް ޑަޒް ވަޓްއެވަރ ޝީ ވޯންޓްސް އެންޑް… ހީކުރަނީތަ ކޮންމެފަހަރަކު އަހަރެން އަޅާނުލާނޭ…” އަމިއްލަ ނަފްސާ ވާހަކަދައްކަމުން ކުރިއަށް އާމިލް އައެވެ. އޭނާގެ ގާތުގައި ހުރެފައި ކުއްލިއަކަށް ޝާމާ ނުކުމެގެން ދިއުމުން އެކަމާ އާމިލްއަށް ވިސްނެނީއެވެ. ޝާމާގެ މައިންބަފައިން ރާއްޖޭގައި ނެތްކަން އެނގޭތީވެ އާމިލް ގަސްދުކުރީ އެގެއަށް އޭނާ ހޯދަން އަންނާށެވެ. ވިލިގިއްޔަށް އޭނާ އައީ އެހެންވެއެވެ. ޝާއިނާއާ ރައްޓެހިގެން އުޅުން އިރު އޭނާ އެގޭ ދޮށަށް ކިތަންމެ ފަހަރަކު އައެވެ. އެހެންވެ އެ ގެ ހުންނަ ހިސާބު އާމިލްއަށް ރަނގަޅަށް އެނގެއެވެ.

* * * * *

“އަހަރެން ކަލޭގެ ހުރިހާ ކަމެއް ނަކުލުކުރީމާ ވެސް ނުފުދުން، އަހަރެން ކަލޭގެ އަތުން އެހުރިހާ އެއްޗެއް ހޯދީމާ ވެސް ކަލޭ ގަސްދުކުރީ އަލުން ކޮޅަށް ތެދުވަން، ގެއްލުނު ހުރިހާ އެއްޗެއް އަނބުރާ ހޯދަން ފެށީ… އައި ޑޯންޓް ރިއަލީ ހޭވް އަ ޗޮއިސް، އައި އޭމް ގޮއިން ޓު ޓޭކް ޔޯ ލައިފް، އަހަރެން ޝާއިނާއަށް ވާނީ…”

ޝާއިނާ ވައްޓާލައި އޭނާގެ ގައިމައްޗަށް އަރާ އިނދެ އޭނާގެ ކަރަށް ދެއަތުން ޝާމާ ބާރުކުރަމުން ދިޔައެވެ. ނޭވާ ހާސްވާގޮތްވެ ޝާމާގެ ދެއަތުން ޝާއިނާ ހިފައިގަނެގެން ތެޅެމުންދިޔައެވެ. ޝާއިނާ އަޑުލައްވަމުންދިޔައިރު ހީވަނީ އެއްޗެކޭ ބުނަން މަސައްކަތް ކުރަނީ ހެންނެވެ. މީ ފަހުވަގުތުކޮޅަށް ވެދާނޭކަމުގެ ބިރު ޝާއިނާގެ ހިތުގައިވިއެވެ. ގޭގެ ދޮރުގައި ހަރުކޮށްފައި ހުރި ބެލް ޖަހާލި އަޑު އިވިގެންދިޔައެވެ. ޝާމާގެ ސަމާލުކަން އެ އަޑު ހޯދިއެވެ. އެވަގުތު އެގޭގެ ބެލްޖަހާނީ ކާކުބާއޭ ޝާމާ ހިތަށް އެރިއެވެ. ޝާއިނާ ތެޅިގަތުމުން ޝާމާ ހުސިޔާރުކަމާއެކު އަތްފޯރާ ފަށުގައި އޮތް ކަތުރު ތަޅުންމަތީ ނެގިއެވެ. އެ ކަތުރު އޭނާ ދިމާކޮށްލީ ޝާއިނާގެ ލޮލަށެވެ. އަޑެއްލައްވާލިޔަސް ލޮލަށްކަން ހެރޭނީ ޝާމާ ބުނީ އިންޒާރެއްގެ ގޮތުންނެވެ.

“ސީރިއަސްލީ… ނިދިކޮޅު ނަގާލާފައި މިހިސާބަށް އަހަރެން މިއައީ ޝާއިނާއާ މެދު ކަންބޮޑުވެގެން، އެކަމަކު މިގޭގަ އެންމެން ނިދާފަ ކަންނޭނެގެ، ދޮރުހުޅުވާނޭ މީހަކު ވެސް ނުވި.” ދޮރުމަތީ ހުރެ ޒީނިޔާ ޝަކުވާކޮށްލިއެވެ. ދޮރުގައި ޖަހާލަމުން އޭނާ ޝާއިނާއަށް ގޮވާލިއެވެ. މާގިނައެއްގެ ގޮވާކަށް ނުކެރުނެވެ. ޚަބަރެއްނުވީމާ އޭނާ އެނބުރުނީ އެންމެ ފަހުފެރީ ނައްޓާލުމުގެ ކުރީން މާލެ ދެވޭތޯއެވެ.

“ނައު އިނާ… ނައު އޯ ނެވާ…” ޝާމާގެ ސަމާލުކަން ބޭރަށް ދެވިފައިވާތީ ޝާއިނާގެ ހިތަށް އެރިއެވެ. ސަލާމަތްވާން މިނޫނީ ފުރުޞަތެއް ނުލިބޭނޭ ހީވެ އޭނާ ބިރުކަނޑާލައި ހިތްވަރު ނެރުނެވެ. ޝާމާގެ އަތުން ކަތުރު ފޮޅުވާލުމާއެކު އޭނާގެ ދަތްދޮޅިދަށުގައި ޖެހީ ޝާއިނާގެ އަތަށް ލެވުނުހާ ބާރަކާއެކުއެވެ. ފުރާނަ ސަލާމަތްކުރުމަށް ކުރެވެންއޮތްކަމެއްވިއްޔާ މިވަގުތު ޝާއިނާ ކުރަން ހުރީ ތައްޔާރަށެވެ. ކަރުގައި އެހާ ބާރަށް ޝާމާ ހިފާފައި ހުރުމުން ސަލާމަތްވެވުނު ހިނދު ޝާއިނާ ހިކި ކެއްސުމެއް ކެއްސަންފެށިއެވެ.

“ކޮންތާކަށް ދުވެފިލާނަމޭ ތިދަނީ؟” ޝާމާ ތެދުވަމުން ހަޅޭލަވައިގަތެވެ.

ޝާމާ އައިގޮތުން ރެކެންވެގެން ޝާއިނާ ދުއްވައިގަތީ ބަދިގެއާ ދިމާއަށެވެ. ކާމޭޒު ދެފަރާތުން ދެބެން ތިއްބެވެ. ގުނބުހިލިފައިވާ މީހަކު ފަދައިން ޝާއިނާ ފުންކޮށް ނޭވާލަމުންދިޔައެވެ. ޝާމާ އަންނަންފެށުމުން މޭޒުގެ ބިއްދޮށުގައި ހުރެފައި ބަދިގޭ ދޮރާ ދިމާއަށް ޝާއިނާ އައެވެ. އެހިނދު ވަޅިޖަހާއެތީގައި އިން އެންމެ ދިގު ވަޅި ޝާމާ ނަގައިފިއެވެ. މޭޒުގެ ހުރަހަށް ކުރިމަތީ ފެންނަން ހުރި ޝާއިނާއާ ދިމާއަށް އޭނާ ވަޅި ހޫރާލިއެވެ. ވިސްނައިގެން ހުރި ޝާއިނާ ފަހަތަށް އިތިވެލީ ނުހަނު އަވަށެވެ.

“ގެޓް އޯވާ ހިއާ، ޑޫ އިޓް ވައިލް އައި އޭމް ސްޓިލް އާސްކިން ޔޫ ނައިސްލީ.” އެއްވެސް އަސަރެއްނެތި ރާގެއްގައި ޝާމާ ބުނެލީ ވަޅި ދިއްކޮށްގެން ހުރެއެވެ.

“ނޫން، ނޫން… ނޫން… މިތަނުން ނުކުމެވޭތޯ ބަލަންވީ، މިތާ މަޑުކުރަންވެއްޖެއްނަމަ، މިގެއިން ނެރޭނީ އަހަރެމެން ދެމީހުންކުރެ އެކަކުގެ ފުރާނަނެތް މަސްގަނޑު.” ޝާއިނާގެ ޟަމީރު ވާހަކަދެއްކިއެވެ. އަޅާ އިތިކޮށް ޝާއިނާ ދުއްވައިގަތީ އެހެންވެއެވެ.

“އަތުނުޖެހޭނެކަމަށްތަ ދުއްވައިގަތީ؟” ޝާމާ ވެސް ފަހަތުން ދުއްވައިގަތީއެވެ.

ފައިވަންލާ ކަބަޑު ކައިރީ ހުރި ފައިވަންތަކުން ޝާއިނާއަށް ފައިކޮށްޕާލެވުނީ ދެވައްތަރުގެ ދެ ފައިވަނެއްގެ ކިބައަކަށެވެ. އެކަމަށް ސަމާލުކަމެއް ދޭވަރަށްވުރެ އޭނާ ހުރީ އެގެއިން ނުކުންނަން ބޭނުންވެފައެވެ. ފައިވަނަށް އަރަން ބޭނުންވީ ހުސްފައިގަ ނުކުމެގެން ދުވެފައި މާދުރަކަށް ނުދެވޭނޭ ހީވެގެންނެވެ. ދޮރުގެ ތަޅުގައި ދެއަތުން ހިފައިގަތް ގޮތަށް ތެޅިފޮޅިގަނެގެން އުޅޭ މީހަކު ފަދައިން ތަޅުހުޅުވިއެވެ. ތަންމިނަށް ދޮރު ހުޅުވާ ދޫކޮށްލާފައި ޝާއިނާ ދުއްވައިގަތެވެ. ތަންކޮޅަކަށް ދެވުނު ތަނާ އެއްޗެއްގައި އަޅައިގެންފައި އަނގަވަތައް ޝާއިނާ ވެއްޓުނެވެ. ކަކޫޖެހި މަށައިގެން ދިޔަހެން ހީވިއެވެ. އެހެންވިޔަސް އޭނާ ތެދުވެ އެއްފަރާތުގައި ހުރި ގެއެއްގެ ވަށާފާރުގައި އަތްޖައްސާލިއެވެ. ފަހަތަށް ބަލާލެވުނީ ޝާމާ އާދޭތޯ ޔަގީންކުރުމަށެވެ. އެވަގުތު ކައިރިން މީހަކު ޝާމާއޭ ގޮވާލި އަޑާއެކު ޝާއިނާގެ ހަށިގަނޑުގައިވި ލޯލިތައް ކޮޅަށް ޖެހުނެވެ. އޭނާ ދާހިއްލާ ފޯވެފައިވިއެވެ. ދާދި ގާތުގައި އައިސް މަޑުކޮށްލީ އާމިލްއެވެ.

“މިހިސާބުގަ ކީއްކުރަން، އަހަރެން މިދަނީ ތިގެއަށް ދާންވެގެން…” އާމިލް ބުނެލިއެވެ.

“ހެލްޕް!… ހެލްޕް މީ!” ޝާއިނާ އަވަސްއަވަހަށް ބުނެލިއެވެ. ވާނުވާ ނޭނގިފައި ހުރި މީހަކު ފަދައިން އާމިލް ގޮވާލީ ޝާމާގެ ނަމުންނެވެ.

“އަމްމު… ގްރެބް ދެޓް ބިޗް!” ދުރުން ޝާމާގެ އަޑު އިވުނެވެ. އާމިލްގެ ގާތުގައި ޝާއިނާއަށް ދިމާއަކަށް ނުދެވޭނޭހެން ހިފަހައްޓަން ޝާމާ ގޮވިއެވެ. އަދި އޭނާ ބުނި ކޮންމެ ކަމެއް ކޮށްދޭނަމޭ އާމިލު ބުނިކަން ހަނދާންކޮށްލަދިނެވެ.

“ވެއިޓް… ވަޓް؟ ޝާމާތަ؟ އިސްތަށިގަނޑަށް ކިހިނެއް ހަދާފައި ތިހުރީ؟ އާ ދޯސް އެކްސްޓެންޝަންސް؟ އެކަމަކު ކޮންއިރަކު ތިހެން ހެދީ؟” ދުރުގައި ހުރި ޝާމާއަށް ބަލަން ހުރެ އާމިލް ވާހަކަދެއްކިއެވެ.

“ދިޒް އިޑިއަޓް އިޒް ހޯޕްލެސް، މީ ވަރަށް ނުރައްކާތެރި ހިނދުކޮޅެއް، އޭނާއަށް އަހަރެމެންގެ ތެރެއިން ޝާމާއަކީ ކާކުކަމެއް ބުނާކަށް ނޭނގޭ، އެހެންވެ އެ ހުރިހާ ސުވާލެއް އެކުރަނީ، މިކަމުން ސަލާމަތްވެވޭނެ އޮތީ އެންމެ ގޮތެއް…” އާމިލް ވާހަކަދައްކަމުންދިޔަ ހިނދު ޝާއިނާ ވިސްނަމުންދިޔައެވެ. އޭނާ ގޮތެއް ނިންމީއެވެ.

“އަހަރެން… މީ ޝާމާ، އިޓްސް މީ އަމްމު، ދޮންތި އެހެރީ މޮޔަވެފަ، އޭނާ އެ އުޅެނީ އަހަރެން މަރާލަން.” އާމިލްގެ ޓީޝާޓުގައި ހިފައިގެން ގަންނަމުން އޭނާއާ ހިމާޔަތަށް އެދޭފަދައިން ގާތްވެލައި ޝާއިނާ ވާހަކަދެއްކިއެވެ. ދުރުގައި ހުރި ޝާމާއަށް ޤަބޫލުކުރަން ދަތިވިއެވެ. ދެ ލޯ ބޮޑުކޮށްލެވުނެވެ.

“ކީކޭ… ކީކޭ ތިކިޔަނީ؟… ތިތަނުން ޝާމާއަކީ ކޮބާ؟” އާމިލް ހަޤީޤަތުގައި ވެސް އެތަނުން ޝާމާއާއި ޝާއިނާ ވަކިކުރަން އުނދަގޫވިއެވެ.

“އައި… އައި ލަވް ޔޫ، ޕްލީޒް ސޭވް މީ އާމިލް…” ޝާއިނާ އާދޭހާއެކު ބުނެލިއެވެ. އެހިނދު އާމިލްގެ ހަނދާނަށް އައީ ޝާމާ ދައްކާފައި ހުރި ވާހަކަތަކެވެ.

“އެނގެއެއްނު ތީކަން މިހާރު އަހަރެންގެ ހުރި ހަމައެކަނި މީހަކީ، ޕްލީޒް… ސޭވް މީ، އާމިލް…” ސިކުނޑީގައި ގުގުމާލި އަޑުތަކާއެކު އާމިލް ހިނިތުންވެލިއެވެ. އޭނާގެ އަތުތެރޭ ޝާއިނާ ހިފަހައްޓާލުމާއެކު ކޯތާފަތުގައި ފިރުމާލިއެވެ.

“ޑޯންޓް ވޮރީ ޝާމާ، އެއްވެސް ކަމެއްކުރާކަށް ނުކެރޭނެ… އައި ވިލް ސޭވް ޔޫ.” އާމިލްގެ އަތުތެރޭގައިވީ ޝާމާކަމުގައި އާމިލް ޔަގީންކުރިއެވެ. އަނެއްކޮޅުން އޭނާގެ ގާތުގައި ހުރެފައި ޝާމާ ނުކުމެގެން ދިޔައިރު ލާފައި ހުރި ހެދުމުގައި ހުރީ ވެސް އޭނާގެ އަތުތެރޭގައި ހުރި އަންހެންކުއްޖާއެވެ. ވީއިރު އެއީ ޝާމާކަން އޭނާއަށް ގައިމެވެ.

ދާދި ކުޑަ ވަގުތުކޮޅެއްގެ ތެރޭ ހުރިހާކަމެއް ބަދަލުވެއްޖެއެވެ. ޝާމާ އޮތީ ބިންމަތީގައެވެ. ވަޅި ހުރީ އޭނާގެ ގަޔަށް ހެރުނު ގޮތަށެވެ. އާމިލް ފަހަތަށް ޖެހުނެވެ. ހާސްވެ ކަންބޮޑުވެފައި ހުރެއެވެ.

“ނޫން… އަހަރެންނެއްނުން… އަހަރެން ނުމަރަން، އަހަރެން ކިހިނެއް؟ އައު ވުޑް ނެވާ ޑޫ… އައި ވުޑް ނެވާ ކިލް އެނީވަން… ދެއާޒް ނޯވޭ…” އާމިލް ބުނަމުންދިޔައެވެ.

ޝާއިނާ ބިރުވެރި މަންޒަރެއް ފެނިފައި ހުރިހެން ޝާމާއަށް ބަލަން ހުރީއެވެ. މިވީ ކިހިނެއްހޭ އޭނާގެ އަމިއްލަ ޟަމީރާ ސުވާލުކުރިއެވެ. އޭނާ އާމިލްގެ ގާތުން މަދަދަށް އެދުނެވެ. އެކަމަކު ޝާމާ މަރާލާކަށް އޭނާ ނުބުނެއެވެ. ޝާމާއާ ކުރިމަތިލީ އާމިލް އަމިއްލައަށެވެ. އެ ދެމީހުން ހިފައިގަނެގެން އުޅުނު ގޮތުން ކަންތައްވީ ކިހިނެއްކަން ޝާއިނާއަށް ސާފެއްނުވެއެވެ. ޝާމާ ހަޅޭލަވައިގަތްއިރު އޭނާގެ ގަޔަށް ހުރީ ވަޅި ހެރިފައެވެ. އާމިލް ހަޅޭލަވައިގަތީ ވަޅި ހެރީ އޭނާ ނޫންކަމުގައެވެ. އެއީ ޝާމާ އަމިއްލައަށް ކުރި ކަމެއްކަމުގައެވެ. އޭނާ ފަހަތަށް ޖެހުމުން އައިސް ޝާއިނާގެ ގާތުގައި ހުއްޓުނެވެ.

އެމްބިއުލާންސަށް ގުޅަން ހިނގާ… ޕޮލިހަށް ރިޕޯޓު ވެސް ކުރަން ޖެހޭނެ.” ޝާއިނާ އަވަސްވެގަންނަން އުޅުނީ ޝާމާގެ ފުރާނަ ހުރީތީ ސަލާމަތްކުރެވޭތޯއެވެ.

“ނޫން…” އާމިލް ނިކަން އަވަހަށް ބުންޏެވެ.

“ބުނީމެންނު އަހަރެންދެކެ ލޯބިވެޔޭ، އަހަރެން ޖަލަށް ލައިފިއްޔާ ކިހިނެއްވާނީ، އަހަރެންނަށް ދުވަހަކުވެސް ޝާމާ ނުފެންނާނެ، އަހަރެމެން ދުރުގައި ތިބެން ޖެހޭނީ، ޝާމާ… މިތާކުނެތް އެކަކުވެސް، އެއްވެސް މީހަކަށް ނޭނގޭނެ، ނޫންތަ؟ ހިނގާ ޝާއިނާ ފޮރުވަން، އަހަންނަށް ހެލްޕްވާނަންތަ؟”

“މޮޔަވީތަ؟ އޭނާ އަދި މަރެއްނުވެޔޭ، ހޮސްޕިޓަލަށް ގެންދެވިއްޖެއްޔާ ފުރާނަ ސަލާމަތްކުރެވޭނެ…”

ޝާއިނާ ބަސްހުއްޓުނީ އާމިލް ފެނިފައެވެ. އޭނާ އެނބުރި ޝާމާގެ ގާތަށް ގޮސް ހެރިފައި ހުރި ވަޅި ނައްޓާލުމާއެކު އެއްވެސް ރަހުމެއްނެތި ހަރަންފެށިއެވެ. ލެއިން ޝާމާގެ ހަށިގަނޑު ކަޅިވެ ކޯރުހެދިއްޖެއެވެ. ޝާއިނާއަށް އަނގަމަތީ ދެއަތް އަޅާލެވުނީ ބޭއިޚްތިޔާރުގައެވެ. ދެ ލޯ ބޮޑުވެ އާމިލްއަށް ބަލަން އޭނާއަށް ހުރެވުނީއެވެ. އާމިލް ތެދުވެ ޝާއިނާއަށް ބަލާލިއެވެ.

“މިހާރު އެ އޮތީ މަރުވެފަ، މިކަން މި ނިމުނީނު… ޝާމާ، ކީއްވެފަތަ ތިހުންނަނީ، އޭނާ އެއޮތީ މަރުވެފައޭ.” އާމިލް މަޑު ހިނގުމުގައި އައިސް ޝާއިނާގެ ކުރިމަތީ ހުއްޓުނެވެ.

“ވީކަމެއް ނުވާކަމަކަށް ނުވާނެ، އެހެންނޫނަސް ޝާމާ އަބަދުވެސް ބުނަމެންނު ޝާއިނާ މަރާލެވޭނެނަމައޭ، އަހަރެން އެކަން މިކޮށްދިނީ ހަމަ ޝާމާއަށް ޓަކައި، ނައު ކާމް ޑައުން، އޯކޭތަ؟” އާމިލް ބުންޏެވެ.

“އެހެންވިޔަސް… މިކަން ރިޕޯޓު ކުރަން ޖެހޭނެއެއްނު، މީ… މީ އަމިއްލަ ސަލާމަތަށްޓަކައި ކުރެވުނުކަމެއް.” ޝާއިނާ ހިތްވަރުކޮށްފައި ވާހަކަދެއްކީ ވަރަށް ވިސްނައިގެންނެވެ. އޭނާއަކީ އަދިވެސް އާމިލްގެ ކުރިމަތީ ޝާމާއެވެ. އޭނާ އެ މަރާލީ ޝާއިނާއެވެ.

“ތިބުނީ؟” އާމިލް އެއްސެވެ.

“އޭނާ ވަޅިހިފައިގެން ދުވެފައި އައިގޮތަށް ފެނުނެއްނު، އަހަރެން ހެކިބަސް ދޭނަން އަމްމުގެ ކުށެއްނެތްކަމަށް، އަމްމު ކުރިކަމެއްކުރީ ސެލްފް ޑިފެންސްގެ ގޮތުގައި… މިކަމުގައި އެއްވެސް ގޯހެއްނެތް، އަހަރެން… އަހަރެންނަށް އިތުބާރުކުރަމެންނު؟ ނޫންތަ؟ އައި ލަވް ޔޫ ޓޫ އަމްމު…” ޝާއިނާގެ ހަޤީޤީ އިޙުސާސްތައް ވަންހަނާ ކޮށްގެން ހުރެ އޭނާ ހިނިތުންވިއެވެ.

“ޝާމާ…” ލޯބިން ފުރިގެންވީ ފަދަ ގޮތަކަށް އާމިލް ގޮވާލިއެވެ.


— ނުނިމޭ —

Leave a Comment

Your email address will not be published. Required fields are marked *