LOABIVAATHEE UFAA DHEYNAMEY [EP-12]

ބޭސް ފިހާރައިން ނަގައިގެން ގެނައި ބޭސްތައް ކައުންޓަރުގައި ތިބި ނަރުސްކުދިންނާއި ހަވާލުކޮށްފައި ތަހުސީނު އައިސް ޒޫރިން އޮތް ކޮޓަރިއަށް ވަނެވެ. އޭރު ހެނދުނުގެ ސައިބުމުގައި ނާޒިލާއި ރޭޝްމާ އުޅެއެވެ.

“ލިބުނުތަ ހުރިހާ ބޭހެއް؟” ސޭންޑްވިޗް އަތަށް ލައިގެން އިނދެ ރޭޝްމާ އަހާލިއެވެ.

“އާން! ކައުންޓަރާ ހަވާލުކޮށްލާފައި މިއައީ… ރީންއަށް ނިދިފައިތަ؟” ރޭޝްމާ ކައިރީ ތަހުސީނު އައިސް އިށީނެވެ.

“ބޭބީއާ ދެމީހުން ވާދައަށް އެ ނިދަނީ” ހަމަޖެހިލައިފައި އިން ރޭޝްމާ ނިކަން ހިނިއައިސްފައި ބުނެލިއެވެ.

“ފޮޓޯ ނަގަން މިއަދު ހަވީރު އަންނާނެ އަހަރެންގެ ރައްޓެއްސެއް. އަހަރެން ބޭނުން ބޭބީ އާއި ރީންގެ ވަރަށް ލޯބިލޯބި ފޮޓޮއެއް ނަގާ ބޮޑުކޮށްލާފައި ގޭގައި ބަހައްޓަން… ނޫންތަ ރޭޝް” އަނގަޔަށް ގުޅައެއްލައިގެން އިނދެ ނާޒިލު ވާހަކަދެއްކީ ވަރަށް ޖޯޝާއެކުއެވެ.

“ގޭގައި ނުބެހެއްޓިޔަސް އަހަރެން ވެސް ބޭނުން ރީން އާއި ބޭބީގެ ފޮޓޯކޮޅެއް އަތުގައި ހުންނަން. ކުޑަކުދިން ނިކަން އަވަހަށް ބޮޑުވާނެ… ރީން ވެސް ކިހާ އަވަހަށް ބޮޑުވީ… އަދި އެކުއްޖާ ކުޑައިރު ނުހުންނާނެ ރީތި އެންމެ ފޮޓޮއެއް ވެސް ނެގިފައެއް. ކޮންމެ ފޮޓޮއެއްގައި ހުންނާނީ ރޮވިފައި…” ރޭޝްމާ އާއި ނާޒިލުގެ ވާހަކަތަކުގައި ތަހުސީނު ބައިވެރި ނުވިއެއްކަމަކު އެމީހުންގެ ވާހަކަތަކުން ތަހުސީނަށް ވެސް އުފާވެރިކަމާއި ހިތަށް ފިނިކަން ލިބެމުންދިޔައެވެ. ޒޫރިންގެ ތުއްތު އިރުގެ އެއްވެސް ހަނދާނެއް ތަހުސީނާ ގުޅިފައި ނުވިނަމަވެސް ޒޫރިންއަށް ލިބުނު ދަރިފުޅު ބޮޑުވާނީ ތަހުސީނުގެ ހިޔަނީގެ ހިޔަލުގައިކަން އޭނާއަށް ޔަޤީންވެއެވެ.

މެންދުރު ތަހުސީނު ގެއަށް އައީ ފެންވަރައިގެން އެނބުރި ހޮސްޕިޓަލަށް ދާގޮތަށެވެ. އަބްދުއްސައްތާރު ނަމާދުން އައިސް ގެއަށް ވަންއިރު ލިފްޓު ކައިރީ ތަހުސީނު މަޑުކޮށްލައިގެން ހުރި ތަން ފެނި ދަރިފުޅަށް ގޮވާލިއެވެ. އަދި މެންދުރު ކައިގެން ދާން އަބްދުއްސައްތާރާއެކު އޭނާގެ ބަޔަށް ވަނުމަށް އެދުނެވެ. ދެކޮޅު ހެދުމުގެ ބަދަލުގައި އެ ފުރުޞަތުގެ ބޭނުން ތަހުސީނު ވެސް ހިފީ މައިންބަފައިންނާ ޚިއްޞާކުރަން ބޭނުންވާ ކަމެއް ހިތުގައި އޮތުމުންނެވެ.

“ކޮންތާކުން އޭނާ ތިގެނައީ…” ބަދިގޭ ކާމޭޒު ދޮށުގައި ނޯކަރުކުއްޖާ ސުފުރާމަތި ތައްޔާރުކުރާގޮތް ބަލަން ހުރި ޒާހިރާއަށް އަބްދުއްސައްތާރާއެކު އެތަނަށް ވަން ތަހުސީނު ފެނުމުން ބުނެލިއެވެ.

“ލިފްޓު ކައިރިން” އަބްދުއްސައްތާރު ބުނެލިއެވެ.

“މިހާރު އަހަރުމެން މަތިން އޭނާ ހަނދާނެއްނުވޭ… ކައިބޮއެ ހަދަނީ ކިހިނެއް ކޮންތާކުންކަމެއް ވެސް އެނގެނީއެއްނޫން” ޝަކުވާކުރުން ޒާހިރާގެ މިޒާޖުގައި ހަރުލާފައި ހުރި ރަނގަޅުނުވާ ބައްޔެއް ފަދައެވެ.

“ކާކު އަންނާނީ… އެކަކު ވެސް ނާންނާނެ ޒާހިރާގެ ތި ހަޅޭކުގެ އަޑު އަހާކަށް. އެ ސޮރު އައީތީ ދެން އެކަމާ ޝުކުރުކޮށްބަލަ… ތަހުސީނު! އާދޭ ދަރިފުޅު އިށީންނަން”

ކާމޭޒު ދޮށުން ގޮނޑި ދަމާލާފައި އަބްދުއްސައްތާރު އިށީނެވެ. އޭނާގެ ކުރިމައްޗަށް ހުރި ގޮނޑީގައި ތަހުސީނު އިށީނެވެ. ޒާހިރާ އިނީ އަބްދުއްސައްތާރާ ޖެހިގެން ކަނާތް ފަރާތުގައި ހުރި ގޮނޑީގައެވެ. އެންމެން ކެއުމުގައި ކުރިއަށް ދިޔައިރު ތަހުސީނު އޭނާގެ މަންމަ އާއި ބައްޕައަށް ވަރަށް ރަނގަޅަށް ބަލާލިއެވެ. ހިތުގައި އޮތް އެއްޗެއް ހާމަކުރަން ބޭނުންވެ އެހެންނަމަވެސް ބުނާނޭ ގޮތެއް ނޭނގި ވިސްނުމުގައި އިންދާ އަބްދުއްސައްތާރު ގޮވާލިއެވެ.

“ދަރިފުޅު ކީއްވެތަ މިހާރު ނުފެންނަނީ. ފިހާރައަށް އައު މުދާ އައިސްގެން އުޅެނީތަ؟ ދޭތެރެއަކުން ޝައުން ފެނޭ… އެކުއްޖާ މިހާރު ވެސް ދޭތަ އޮފީހަށް”

“އާން! ފެނޭ އުޅޭތަން… ދޭތެރެއަކުން ބަލާލަން ކުރާ މަސައްކަތްތައް ވެސް…”

“ވިޔަފާރީގެ ވާހަކަ ހުއްޓާލާފައި ނިކަން ބުނެބަލަ… މަންމަ ބުނި ކަންތަކާ އެއްވެސް ވަރަކަށް ވިސްނާލައިފިންތަ” އަބްދުއްސައްތާރާއި ތަހުސީނުގެ ވާހަކައަށް ހުރަސްއަޅާ ޒާހިރާ ބުނެލިއެވެ.

“ކޮންކަމެއް؟” ތަހުސީނު ހީވީ ޔަޤީންކުރަން ބޭނުންވިހެންނެވެ.

“ނޭނގޭކަމަކައްނު އެ ހެދީ… ކޮންއިރަކުންހޭ ދަރިފުޅު މީހަކާ އިންނާނީ” ޒާހިރާ ރާގަކަށް ދަމާލާފައި ބުނެލިއެވެ.

“އަޅުގަނޑު ވިސްނައިފިން ތިކަމާ. އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ކައިވެނި ކުރަން ވެސް ނިންމައިފިން” އަބްދުއްސައްތާރާއި ޒާހިރާއަށް ވަކިވަކިން ބަލަމުން ތަހުސީނު ބުނެލިއެވެ.

“ހަމައަސްލުވެސްތަ؟ ކޮންގެއަކު ކާކު އެއީ… ކުއްލިއަކަށް ހާދަ އަވަސްއަރުވާލީ…”

“ސާބަސް ޒާހިރާއަށް. ރަނގަޅު އެއްގޮތް ވެސް ނެތެއްނު. ތަހުސީނު މީހަކާ ނީދެގެން އެވާހަކަދައްކާފައި އޭނާ މީހަކާ އިންނަ ވާހަކަ ބުނީމާ ތިވީ ކިހިނެއް؟” އަބްދުއްސައްތާރު ކެއުން މެދު ކަނޑާލާފައި ޒާހިރާއާ ދިމާއަށް ބަލަން އިނދެ ބުނެލިއެވެ. އޭރު ހުއްޓުން އަރާފައި ޒާހިރާ އިނީ ތަހުސީނަށް ބަލާށެވެ.

“މާލޭ އަންހެނެއް. މީހަކާ އިނދެ ވަރިވެފައި ހުރި އަންހެނެއް. ދަރިއަކު ވެސް ހުރޭ…”

“ކީކޭ؟ މީހަކާ އިނދެ ދަރިއަކު ވެސް ހުންނަ އަންހެނެއްތަ؟ ހިލޭ މީހެއްގެ ދަރިއަކު ބޮލުގައި އަޅަނީތަ؟ މިއޮއްބޮޑު ދުނިޔޭން އެކަހަލަ އަންހެނަކު ނޫނީ މަގޭ ތަހުސީނަށް ހަމަ ނުވީތަ؟ ބަލަ މަންމައަށް ތަހުސީނާ އިންނާނޭ ހުއްސަރިބައި ކިތަންމެ އަންހެންކުދިންނެއް ވެސް ހޯދުނީސް” މޭނުބުއިކޮށްފައި އިންހެން ޒާހިރާ ވާހަކަދެއްކިއެވެ. އޭނާގެ ޠަބީޢަތް އެކޮޅުކޮޅުން ޖެހުނު ކަހަލައެވެ.

“އަޅުގަނޑުގެ ވިސްނުން މަންމަ އާއި ބައްޕަގެ ވިސްނުމާ ތަފާތުކަން މިހާރު އެނގޭހާ ދުވަސްވެއްޖެ ނޫންތޯ؟ އަޅުގަނޑަށް ކަމުދާ މީހަކު އަޅުގަނޑުގެ ހަޔާތުގެ ބައިވެރިއަކަށް ހަދާނީ… މިކަން ކޮންމެހެން ވެސް މަންމަމެން ގާތުގައި މިބުނީ، މަންމަމެން އަޅުގަނޑު ކައިވެންޏެއް ނުކޮށްގެން އެ ވާހަކަ އަބަދު ދައްކަވާތީ. މިކަމުގައި ޚިޔާލެއް އަޅުގަނޑު ބޭނުމެއްނޫން. އަޅުގަނޑު ގޮތެއްވާނީ ނިންމާފައި…. އަދި އެއްވާހަކަ އަޅުގަނޑު ބުނަން ބޭނުން… މަންމަތީ އަންހެނެއް، އަޅުގަނޑުގެ ދަރިއަކަށް ފަރިޔާލު ބަލިވެ އިންކަން އެ ދުވަހު މަންމައަށް ޔަޤީންކޮށްދިނީ ޚުދު އަޅުގަނޑު. އެކަމަކު މަންމަގެ ހިތަށް ރަޚުމުނުވަތް. އެ ދަރިފުޅު ބައްޕަނެތް ކުއްޖެއްގެ ގޮތުގައި އުފަންވުމަށް ދޫކޮށްލަން އަހަންނަށް މަޖުބޫރުވީ… އެހެންނަމަވެސް ތަޤުދީރުގެ ގަލަމުން ލިޔެވިފައިވާ ކަމެއް މަންމަމެންނަށް ވެސް ބަދަލުނުކުރެވޭނެކަން މިއަދު އަޅުގަނޑަށް ވިސްނިއްޖެ. ﷲ އަޅުގަނޑުގެ ދަރިފުޅު އަޅުގަނޑަށް ދެއްވައިފި… އަދި ރޭ ދަންވަރުގެ ވަގުތެއްގައި އަޅުގަނޑު ކާފައަކަށް ވެސް ވެއްޖެ…. ފަހަރެއްގައި ވެސް މަންމަމެން ހީނުކުރައްވާތި މަންމަމެންނަށް އުނދަގޫކުރަން އަޅުގަނޑުގެ އަނބިމީހާ އާއި ދަރިފުޅު ގޮވައިގެން މިގެއަށް އަންނާނެއޭ… މިއަދު އެމީހުން ގޮވައިގެން އުޅޭނޭހާ ފެންވަރު އަޅުގަނޑުގެ އެބަހުރި… ބައްޕަގެ އަތުން ލޯ ލާރިއަކަށް ވެސް މިއަދު އަޅުގަނޑު ނޭދޭނަން… އެކަމަކު… އަޅުގަނޑަށް ކޮށްދެއްވި ހުރިހާ ކަމަކަށް ތި މަންމަ އާއި ބައްޕައަށް ޝުކުރުވެރިވަން… ނަމަވެސް އަޅުގަނޑުގެ ޒާތީ ދިރިއުޅުމުގެ ތެރެއަށް ނުވެންނެވުމަށް އެދި އާދޭސްކުރަން….”

ހުއްޓުން އަރާފައި ޒާހިރާ އިން ގޮތުން ހީވަނީ އޭނާގެ ހަށިގަނޑުން މީހަކު ފުރާނަ ދަމައިގެންފައި އިން ހެނެވެ. އަބްދުއްސައްތާރަށް އިސްޖަހާލެވުނީ ހަނދާނުގެ އިސްކުރީނުތަކުން ތަހުސީނާ ދިމާއަށް އެ ދުވަހު ކަންތައްކުރެވުނު ގޮތް ސިފަވެގެން ދިއުމުންނެވެ. ކަންފަތުގައި އެ ދުވަހު ތަހުސީނަށް ކީ އެއްޗެހި ސާފުކަމާއެކު ގުގުމާލިއެވެ. މިއަދު އޭނާގެ ހިތް މަޑުވެއްޖެއެވެ. ދަރިފުޅުގެ ނިންމުމަށް ފާޑުކިޔުމުގެ ރޫހެއް ނެތެވެ.

“ދަރިފުޅުގެ ޒާތީ ދިރިއުޅުމަކާ ނުބެހޭނަން… ތަހުސީނަށް ފެންނަ ގޮތަކަށް ކަންތައް ކުރަންވީ. ޠާރީޤުއެކޭ އެއްގޮތަށް ތަހުސީނަކީ ވެސް މި ބައްޕަގެ ދަރިއެއް. ބައްޕަގެ ކޮންމެ އެއްޗަކުން ދަރިފުޅަށް ވެސް ވާނެ…. މީހަކާ އިނދެގެން މިގޭގައި ދިރިއުޅެން ނިންމިޔަސް ބައްޕަމެންނަކަށް އުނދަގުލެއްނުވާނެ. ދަރިފުޅާ މެދު ކުރިން ކަންތައްކުރެވުނީ ބޭއިންސާފުން… ބައްޕައަށް މާފުކުރޭ…މިއަދު ބައްޕަ ވެސް އަދި މަންމަ ވެސް މި ތިބީ މުސްކުޅިވެފައި. ދަރިންގެ އެހީއަށް ބޭނުންވެފައި… ޔަޤީނުން ވެސް ތަހުސީނުގެ ގެއްލުނު ހަޔާތަށް އެނބުރި ދެވުމަށް ﷲ މިންވަރު ކުރެއްވިނަމަ އެކަމާ ދެކޮޅު ހަދަން ބައްޕަމެން މީ ކޮންބައެއް. ﷲއަށް ވުރެ މަތިވެރި އެއްވެސްކަމެއް ނުވޭ…” ކުށުގެ އިހުސާސްވެފައި އިން ކަހަލަ ގޮތަކަށް ތަހުސީނަށް އަބްދުއްސައްތާރު ބަލާލިއެވެ.

“ކުރިއަށް މިއޮތް މަސް ތެރޭ އަޅުގަނޑު ކައިވެނިކުރާނަން” ތަހުސީނު ބުނެލިއެވެ.

ޒާހިރާއަށް ކެއުމައިގެން ކުރިއަކަށް ނުދެވުނެވެ. އިން ތަނުން ތެދުވެގެން އޭނާ ދިޔައީ އަނގައިން ބުނުމެއްނެތިއެވެ. އެކަމާ ތަހުސީނުގެ އެއްވެސް ފަރުވާލެއްނެތެވެ. އަބްދުއްސައްތާރަށް ވެސް ޒާހިރާއަށް ގޮވާލުން ފިޔަވާ އިތުރު އެއްވެސް އެއްޗެއް ނުބުނެވުނެވެ. ހިމޭންކަމުގެ ވަގުތުކޮޅެއްގައި ތަހުސީނު ކައި ނިންމާލާފައި ތެދުވެގެން ދިޔައީއެވެ. އަބްދުއްސައްތާރު ވެސް މަޑުމަޑުން އިނދެ ކައި ނިންމާލާފައި ތެދުވެގެން ސިޓިންރޫމަށް އައެވެ. އެތަނުގައި ޒާހިރާ ނެތުމުން އޭނާ އެ ދިޔައީ ކޮޓަރިއަށްކަން އަބްދުއްސައްތާރަށް ޔަޤީންވިއެވެ. އެހެންވެ އަވަހަށް އައިސް ކޮޓަރިއަށް ވަނެވެ.

“އޭނާގެ ސިކުނޑީގެ މައްސަލައެއް ހުންނަނީހެން މަށަށް ހީވަނީ… ނޫނީ އަހަރުމެން ރުޅި އަރުވަން އަޒުމު ކަނޑައަޅައިގެން އެހެރީ… ބަދަލު ހިފަން ބޭނުންވަނީ ކަންނޭނގެ…” އަބްދުއްސައްތާރު ފެނުމާއެކު ރުންކުރުވެފައި އިން ޒާހިރާ އަޑުހަރުކޮށް ހަރުކަށިކަމާއެކު ބުނެލިއެވެ. ހީވަނީ އަލިފާންފަރުބަދައެއް ގޮވައިގެން އަލިފާންތައް ފައިބަނީ ހެންނެވެ. އަމިއްލަ ރުޅީގެ މައްޗަށް ޒާހިރާގެ އެއްވެސް ބާރެއް ނެތެވެ. އެނދުގައި އިށީނދެ އިނުން ވެސް އޭނާއަށް ފަސޭހައެއް ނޫނެވެ. އެހެންނަމަވެސް މިއަދު އޭނާއަކީ އުމުރުން ދުވަސްވެ ހެލެފެލިވެ އުޅެން އުނދަގޫވެފައިވާ އަންހެނެކެވެ. ރުޅިގަދަވެގެން ހަލާކުވާއިރު ވެސް ފުންމަފުންމައިގެން ދިއުން ފިޔަވާ ކުރެވޭނޭ އިތުރުކަމެއް ނެތެވެ. ދަރިންގެ މައްޗަށް ބާރުފޯރުވޭ ވަރަށް ވުރެ ދަރިން ތިބީ ބޮޑެތިވެފައެވެ.

އަބްދުއްސައްތާރު އައިސް މަޑުމަޑުން ޒާހިރާގެ ކޮނޑުގައި އަތްބާއްވާލަމުން އޭނާގެ ގާތުގައި އިށީނެވެ. އެހިނދު ޒާހިރާ ބަލާލުމުން އަބްދުއްސައްތާރު ދެ ފަރާތަށް ބޯހޫރުވާލިއެވެ.

“ރުޅިމަޑުކުރޭ ޒާހިރާ. އަހަރުމެން އިންސާނުންނަށް މާތް ރަސްކަލާނގެ ބުއްދިދެއްވީ ކަމެއްވެގެންނު، އެ ބުއްދީގެ ބޭނުންކޮށް ތަހުސީނުގެ ހާލާ މެދު ވިސްނާލަބަލަ…”

“ދެން ތިބުނަނީ އަހަރެންގެ ވިސްނުން ގޯހީއޭތަ؟ ކޮންއިރަކުތަ އަބްދުއްސައްތާރަށް ކޮންމެ ގޮތެއް ވަރިހަމަވީ”

ޒާހިރާ އައިސްފައި ހުރި ރުޅި ކުއްލިއަކަށް ފިލުވާލުމަކީ ފަސޭހަކަމެއްނޫންކަން އަބްދުއްސައްތާރަށް ވެސް އެނގެއެވެ. އެހެންވިޔަސް އޭނާގެ އެތައް ވާހަކައަކުން ޒާހިރާ އެންމެފަހުން ޒުވާބުކުރުން ހުއްޓާލައިފިއެވެ. އަދި ހިމޭންވެފައި އިން ގޮތުން ހީވަނީ މިހާރު އޭނާ ވިސްނަނީ ހެންނެވެ. ދެން ވެސް އަބްދުއްސައްތާރު މަސައްކަތް ކުރީ އޭނާއަށް ވިސްނޭ ގޮތާއި ތަހުސީނުގެ ހާލު ޒާހިރާގެ ސިކުނޑިއަށް ވައްދައިދެވޭތޯއެވެ.

“ތަހުސީނުގެ އުޅުން ވިޔާނުދައެއްނޫން. މާޒީގެ ކުށް އަލުން ތަކުރާރުކުރާކަށް މަށެއް ބޭނުމެއްނޫން. އަހަންނާއި ޒާހިރާއަށް މިހާ ދުވަހު އެކުގައި މި އުޅެވުނީ އަހަރުމެން ދެ މީހުންގެ ދެމެދުގައި ވެސް ލޯބި އޮތީމަ. މިހާރު ޒަމާން ވެސް ބަދަލުވެއްޖެ. ދަރިން އެމީހުންގެ ދިރިއުޅުން ބައްޓަން ކުރަނީ މައިންބަފައިން އެދޭ ގޮތަށްވުރެ އެ ކުދިން އަމިއްލައަށް ބޭނުންވާ ގޮތަކަށް. މަޖުބޫރުކޮށްގެން މީހުންނާ ދެވުމެއް ނޯވޭ… ކޮންމެ ކުއްޖަކު އެ ކުއްޖަކު ގަޔާވާ ބައިވެރިއަކު ޚިޔާރުކުރަނީ… ތަހުސީނުގެ ވިސްނުން ބަދަލު ކުރާކަށްނޫން މިހާރު އުޅެންވީ…އަހަރުމެން ބަދަލުވާންވެއްޖެ… ޒާހިރާއަށް ކުރިން ކަމުނުދިޔައީ ތަހުސީނު އިންނަން އުޅުނު ކުއްޖަކީ ރާއްޖެތެރޭ ކުއްޖަކަށްވީމަ. މިފަހަރު އޭނާ ޚިޔާރު އެކުރީ މާލޭ ގެދޮރު ހުރި އަންހެނެއް. ބަލަ ދަރިއަކު ހުއްޓަސް ވާނީ ކީއްތަ؟ ތަހުސީނަށް ރަނގަޅު އަންހެނަކު އޭނާގެ މައިންބަފައިންނަށް ގޯހެއް ނުވާނެ. ޒާހިރާ ތިގެންގުޅޭ އުސޫލުތައް ދޫކޮށްލަން މަށަށްފެންނަނީ… ތި ހުރިހާ ސަކަރާތަކާ ހެދި ތަހުސީނު އަހަރުމެންނާ ވަކިވެގެން ދާކަށް އެއްގޮތަކަށް ވެސް އަހަންނަށް ރުހެވޭނެކަމަށް ޒާހިރާ ހީނުކުރާތި…”

އަބްދުއްސައްތާރާ ދެކޮޅަށް ޒާހިރާ ބުނަން ބޭނުންވި ކިތަންމެ އެއްޗެއް ހުއްޓެއްކަމަކު އޭނާ އެ ހުރިހާ އެއްޗެއް ދިރުވާލިއެވެ. މޫނުމައްޗަށް ވެރިވެފައިވާ ފޫހިކަން ފޮރުވަމުން އިސްޖަހާލައިގެން ޒާހިރާ އިނެވެ. އެހެން އިންއިރު އޭނާގެ ސިކުނޑީގައި އަނެއްކާ ވެސް އައު ޚިޔާލެއްގެ ކުރި ފަޅަން ފަށައިފިއެވެ.

“މައްސަލައެއްނެތް، އެކަމަކު ތަހުސީނު އިނުމުގެ ކުރިން އެ އަންހެން މީހާ ގެއަށް ގެންނަން ޖެހޭނެ. އަދި އަހަރުމެންނާ ބައްދަލުވުމުން އޭނާގެ ގޮތްހުރި ވަރެއް ފެނިދާނެ” ޒާހިރާ ބުނީ ޖެއްސުމުގެ ރާގެއްގައި ވިޔަސް އަބްދުއްސައްތާރު އެކަމާ ރުހުނެވެ.

* * * *

ހިތުގައިވާ ޒަހަމްތަކުގެ ފަރުވާއެއްކަމުގައި ޒޫރިންގެ އަތުތެރޭގައި އޮތް ތުއްތު ދަރިފުޅު ވެއްޖެއެވެ. އެ ހިތުގައި ލޯތްބަށް ޓަކައި ހުސްވެފައިވާ ޖާގަ އެ ތުއްތު ދަރިފުޅު ފުރާލަދީފިއެވެ. ލޯބިން އެ ދަރިފުޅަށް ބަލަން ޒޫރިން އިން ގޮތް އެއްފަރާތުގައި އިން ރޭޝްމާ ބަލަމުން ދިޔައެވެ. އެތަކެއް ޒަމާންތަކަކަށްފަހު ޒޫރިންގެ މޫނުމަތިން ދިރިހުރިކަމުގެ އަސަރު ފާޅުވެފައިވާ ކަހަލައެވެ. އުފާވެރިކަމާއި ހިތްހަމަޖެހުމުގެ ހިނިތުންވުމެއް ޒޫރިންގެ ތުންފަތުންނާއި ލޮލުން ފާޅުވޭވޭ ހުއްޓެވެ.

“މަންމާ! އަޅުގަނޑު މި ދަރިފުޅަށް ޝަމްޢާންގެ ނަން ކިޔަން ނިންމައިފިން”  ދަރިފުޅަށް ބަލަން އިނދެ ޒޫރިން ބުނެލިއެވެ.

“އެހެންތަ! ކޮބާ މާނައަކީ؟ ރީން ވަރަށް ވިސްނާފަ ދޯ ތި ނިންމީ” ހިނިތުންވެލައިގެން އިން ރޭޝްމާ ބުނެލިއެވެ.

“ހޫނ…! ޝަމްޢާންގެ މާނައަކީ ވޮށް، މި ދަރިފުޅު އަޅުގަނޑުގެ އަނދިރިވެފައިވާ ދިރިއުޅުން އަލިކޮށްދީފި. އިރާދަކުރެއްވިއްޔާ މި ދަރިފުޅު ވާނީ އެހެންމީހުންނަށް އަލިކަން ފޯރުކޮށްދޭ ދަރިއަކަށް… ހެޔޮގޮތުގައި ސާބިތުވެ ހުންނަ ކުއްޖަކަށް. އެހެންމީހުންނަށް މަގުދައްކައިދިނުމުގައި އަބަދަށް ދިއްލިފައި ހުންނާނޭ ވޮށަކަށް”

ޒޫރިންގެ ވާހަކަތައް އިވިފައި ރޭޝްމާއަށް ދުރަކު ނުހުރެވުނެވެ. ތެދުވެގެން އައިސް ދަރިފުޅުގެ ބޮލުގައި ފިރުމާލާފައި ތުއްތުކުއްޖާގެ މޫނަށް ބަލާލީ ހިނިތުންވެލައިގެން ހުރެއެވެ.

“ޝަމްޢާން… ވަރަށް ރީތި… އެހާމެ ގުޅޭ. ﷲ ދަރިފުޅުގެ ތި އެދުން ޤަބޫލުކުރައްވާ ތެދުކުރައްވާންދޭވެ. އާމީން…” ޒޫރިންއަށް ބަލާލާފައި ތުއްތުކުއްޖާގެ ބޮލުގައި ރޭޝްމާ އަތްޖައްސާލަމުން ދުޢާކޮށްލިއެވެ. އަދި ޒޫރިންއާއެކު ތުއްތުކުއްޖާގެ ހަރަކާތްތައް ގެއްލިފައި ދެ މައިން ތިއްބެވެ.

“ކޮބާ ރެޑީތަ؟” އެތެރެއަށް ވަދެގެން އައި ނާޒިލު އަހާލިއެވެ. އޭރު އޭނާއާއެކު ފައިހަމްގެ އިތުރުން އަންހެންކުއްޖަކު ވެސް އައިސް ހުއްޓެވެ.

“މީ ލުބާ އިނގޭ… ރީން އާއި ބޭބީގެ ފޮޓޯ ނަގައިދޭނީ އޭނަ” ރޭޝްމާ އާއި ޒޫރިން ހައިރާންކަމާއެކު ނާޒިލަށް ބަލަން ފެށުމުން ބުނެލިއެވެ. އެއާއެކު ލުބާގެ އަތުގައި ކެމެރާ އާއި އޭނާގެ ކޮނޑުގައި އަޅުވާފައި އޮތް ދަބަހުގެ ބޭނުން އެމީހުންނަށް އެނގިގެންދިޔައެވެ. ފައިހަމް ވަރަށް ހިނިއައިސްފައި އައިސް ޒޫރިންއަށް މަރުޚަބާ ކިޔަމުން އޭނާގެ އަތުގައި އޮތް ހަދިޔާ ރޭޝްމާއަށް ދިއްކޮށްލިއެވެ. އެއްވެސް އަސަރެއްނެތް ހިނިތުންވުމެއް ފައިހަމްއާ ބަދަލުކޮށްލަމުން ޒޫރިން ޝުކުރުއަދާކުރިއެވެ. ހަޤީޤަތުގައި އޭނާ ހަދިޔާތަކެއް ބޭނުމެއްނުވެއެވެ. އަދި އޭނާއަށް ގޮވާލަން ބަޔަކު އަންނާކަށް ވެސް ބޭނުމެއްނުވެއެވެ. އެ ހިތްހަމަޖެހުމުން އޭނާ އެ އިނީ މަހުރޫމުވެފައެވެ. ދަރިއަކު ލިބުނު ކަމުގައި ވިޔަސް އެ ދަރިފުޅަކީ ކައިވެނީގެ ބޭރުން ލިބިފައިވާ ދަރިއަކަށް ވާތީއެވެ. އެއީ އުފާކޮށް އެކަން ފާހަގަކުރަންޖެހޭ ވަރަށްވުރެ ލަދުވެތިކަމެއްގެ ގޮތުގައި ޒޫރިންއަށް އިހުސާސް ކުރެވޭތީއެވެ.

ފޮޓޯ ނެގުމުގެ ކަންކަން ކުރިއަށް ދަނިކޮށް ތަހުސީނު ވެސް އައިސް ޒޫރިން ބާއްވާފައި އޮތް ކޮޓަރިއަށް ވަދެއްޖެއެވެ. ޑޮކްޓަރު އައުމުގެ ކުރިން ފޮޓޯނެގުމުގެ ކަންކަން ނިންމާލުމަށް ތަހުސީނު ޚިޔާލު ފާޅުކުރިއެވެ. އެތަނުގައި ތިބި ކޮންމެ މީހަކު ވަކިވަކިން ޒޫރިންއާއެކު ފޮޓޯނެގިއެވެ. ލުބާ ގެނައި ބޭނުން ފުރިހަމަވުމުން އޭނާ އެނބުރި ދިޔައީ ފައިހަމްއާއެކުއެވެ. ފޮޓޯތައް ހަވާލުކުރަން ނާޒިލަށް ގުޅާނަން ކަމުގައި ބުނެފައެވެ.

ރޭގަނޑު ހަތެއްޖެހިފަހުން ޑޮކްޓަރު އައިސް ޒޫރިން އާއި ކުޑަދަރިފުޅުގެ ހާލު ބެލިއެވެ. ހުރިހާ ކަމެއް ރަނގަޅުކަމުގައި ޑޮކްޓަރަށް ފާހަގަކުރެވުނެވެ. ނަމަވެސް ފަޅާފައިވާ ސަރަހައްދު ރަނގަޅުވަންދެން އަރާމުކުރުމަށް ޒޫރިންއަށް ނަޞޭޙަތްތެރިވިއެވެ. ތަހުސީނު އިސްވެ ޑޮކްޓަރާ ވާހަކަދެއްކީ ރޭޝްމާ އޭނާގެ އަތުގައި ހިފާ އެކަމަށް އެދޭ ވަރުންނެވެ. ޒޫރިން ގެއަށް ފޮނުވާލާނޭ ދުވަހެއް އޮޅުން ފިލުވަން ރޭޝްމާ ބޭނުންވަނީއެވެ. ޒޫރިންގެ ހާލު ރަނގަޅު ނަމަ މާދަމާގެ ވަގުތެއް ގެއަށް ފޮނުވާލެވިދާނެކަމުގައި ޑޮކްޓަރު ވިދާޅުވިއެވެ.

ރޭގަނޑުގެ ހަމަހިމޭންކަމުގެ ތެރޭގައި ޒޫރިން އާއި ތުއްތުކުއްޖާ އަރާމު ނިންޖަކުން ނިދިފައި އޮތެވެ. ކިތަންމެ ކުޑަކުޑަ އަޑެއް ވެސް ލައްވާލަން ބޭނުންނުވެގެން ތަހުސީނު އިންތަނުން ތެދުވެ ރޭޝްމާގެ އަތުގައި ހިފައިގެން ކޮޓަރިން ނުކުތެވެ. އަދި ދޮރުމަތީ މަޑުކޮށްލައިގެން ތިބެ ވާހަކަދައްކަން ފެށިއެވެ. ވަރަށް އަވަހަށް ކައިވެނި ކުރަން ބޭނުންވާކަމުގައި ތަހުސީނު ބުންޏެވެ. ރޭޝްމާގެ ޚިޔާލު ހުރީ ޒޫރިންއަށް ތެދުވެ އުޅެވެންދެން އިހަށް ކައިވެނި ލަސްކުރުމަށެވެ. ނަމަވެސް ތަހުސީނުގެ ޚިޔާލު މުޅިން ތަފާތެވެ.

“އެ ދަރިފުޅަށް އަދަބުލިބޭނެކަން އަހަންނަށް ޔަޤީންވާއިރު، އެ ދުވަސް ޖެހެންވާއިރަށް އަހަރެން ބޭނުންވަނީ ރޭޝްއާ ކައިވެނިކޮށްގެން ހުންނަން. އެ ދަރިފުޅުގެ ބައްޕައަކީ އަހަރެންކަން އެހެންމީހުންނަށް އެނގެން. ލިޔުމުގައި ކޮންމެ އެއްޗެއް އޮތްކަމުގައި ވިޔަސް އެކަމެއް ހުރިހާ އެންމެންނަކަށް ނޭނގޭނެ. އެވަގުތު އަހަރެން ރޭޝްއާއެކު ހުންނާނީ ރޭޝްގެ ފިރިމީހާގެ ހައިސިއްޔަތުންނާއި ރީންގެ ބައްޕަގެ ގޮތުގައި. ކޮންމެ މީހަކު ކޮންމެ އެއްޗެއް ކިޔަސް އަހަރެންގެ ފަރުވާލެއްނެތް”

ތަހުސީނުގެ ވާހަކަ އިވުމުން އިތުރަށް ރޭޝްމާއަށް ބުނާނޭ އެއްޗެއް ނޭގުނެވެ. އޭނާ އެ ވާހަކަދެއްކީ ވަރަށް ވިސްނާފައިކަން ރޭޝްމާއަށް ޔަޤީންވެއެވެ. ރޭޝްމާގެ އަމިއްލަ ޟަމީރު ވެސް އެ ވަގުތު ގޮވާލީ ތަހުސީނު އެ އެދޭ ގޮތަށް ކަންތައް ކުރުމަށެވެ. އެ ދެމީހުންގެ ކައިވެނި އަވަސްކުރުމަށެވެ. އެކަމާ ޒޫރިންގެ އެއްވެސް މައްސަލައެއް ނޯންނާނޭކަން އެނގޭއިރު ވެސް ރޭޝްމާ ބޭނުންވީ ޒޫރިންގެ ގާތުގައި އެ ވާހަކަދައްކާލުމަށެވެ.

* * * *

ޗުއްޓީގައި ހުރުމަށްފަހު އޮފީހަށް އީތަން ނުކުތުމުން ވެސް އޭނާގެ ފަރާތުން ނުފައިލު ހީކުރި ފަދަ ޖޯޝާއި ދިރުމެއް ނުފެނުނެވެ. މަސައްކަތަށް އަސަރެއް ނުކުރި ކަމުގައި ވިޔަސް އީތަން ފެންނަނީ މާޔޫސްވެފައިވާ މީހަކު ހެންނެވެ. މޫނުމަތިން ގިނަ ވަގުތު ފެންނަނީ ނުތަނަވަސްކަމެވެ. އެހެންނަމަވެސް އީތަންގެ ޒާތީކަމަކާ ސުވާލުކުރާކަށް ނުފައިލު ބޭނުމެއްނުވިއެވެ. އަނެއްކޮޅުން އޭނާގެ މަސައްކަތުގައި ފަރުވާ ކުޑަކުރުމެއް ނުހުންނާތީއާއެކު ވެގެން އުޅޭ ގޮތެއް އީތަން އަމިއްލައަށް ފެނިގެން ޚިއްޞާ ކުރަންދެން ނުފައިލު މަޑުކުރީއެވެ.

“މިއަދަށް ނިންމާލީތަ؟” ލިޔުންތަކެއް ހިފައިގެން އީތަން އައިސް ނުފައިލުގެ ކެބިންއަށް ވަނުމުން އަތުކުރީ އޮތް ގަޑިއަށް ނުފައިލު ބަލާލާފައި ބުނެލިއެވެ.

“ލައްބަ. މީ އާލީ މޯނިންގއަށް ބޭރުކުރަން ޖެހޭ ލިޔުންތައް… ދެން އަޅުގަނޑު ގޮސްލީއޭ…”

“އޯކޭ…” ނުފައިލު މިހެން ބުނެ ބޯޖަހާލިއެވެ. އޭރު އޭނާގެ މޭޒުމަތީ ހުރި ޓްރޭއަކަށް ލިޔުންތައް ލާފައި އީތަން އެ ކެބިންއިން ނުކުންނަން ހިނގައިގަނެއްޖެއެވެ.

“އޭތް! ކޮންތާކަށް ދާންވީ؟” އޮފީހުން ނުކުމެ ޕާކިން ޒޯނުން ނެރުނު ސައިކަލަށް އަރާ ދުއްވާލުމުގެ ކުރިން ޝައުންއަށް ގުޅައިގެން ހުރެ އީތަން އަހާލިއެވެ. އިތުރު އެއްޗެއް ނުބުނެ އީތަން ފޯނުކޯލު ކަނޑާލާފައި ފަޓުލޫނު ޖީބަށް ފޯނުލީ އޭނާ ކުރި ސުވާލަށް ޖަވާބު ލިބުނީމަކަން ޔަޤީނެވެ. އަދި ސައިކަލު އިސްޓާޓުކޮށްލީ ދާންވީ މަންޒިލު ރަނގަޅަށް އެނގި ހުރެއެވެ.

“ހާދަ ލަސްވީ؟” ރެސްޓޯރެންޓުގެ މަތީ ފަންގިފިލާގެ އެއްފަރާތު ކަނެއްގައި ހުރި މޭޒުގެ ދޮށުގައި އިން ޝައުންގެ ގާތަށް އީތަން އައުމާއެކު އޭނާ ބުނެލިއެވެ.

“ޓްރެފިކްއާ ހެދި… މަގުތައް ހާދަ ބާރުބޮޑޭ…” ގޮނޑި ދަމާލާފައި އިށީންނަމުން އީތަން ބުނެލިއެވެ.

“ހޫން! ތިއެއްނޫނޭ… އެނގޭތަ؟ މިކޮޅަށް އަންނަން އުޅެނިކޮށް ވަރަށް ކަޑަ ޚަބަރެއް ލިބިގެންނޭ އަވަސްކުރާށޭ ބުނީ… މަށަށް ތަހުސީނު ދޮންބެއާއެކު ލިފްޓަށް އެރުނީމަ ބުނިއެއްޗެއް… ލިފްޓު ދޮރުގައި ހިފެހެއްޓީމާ މަށަށް ކިހިނެއް ކެރޭނީ އެތެރޭގައި ހުރެފައި ނުކުންނަން…” ފޫހިވެފައި އިނދެ ދެފަރާތަކަށް ބޯހޫރަމުން ޗުސްކަނޑަމުން ޝައުން ވާހަކަދެއްކިއެވެ.

“ބުނި އެއްޗެއް ބުނަބަލަ…. މަށާ ދިމާއަށް ދޯ ބުނީ…” އީތަން އަވަހަށް އަހާލިއެވެ.

“އާން! ބުނީ… ބުނީ އީތަން އެއްބަސްނުވިޔަސް މި ދުނިޔެއަށް އީތަންގެ ފިރިހެން ދަރިފުޅު އުފަންވެއްޖެޔޯ… އޭޑީކޭގައި އޮތް ވާހަކަ ވެސް ބުނި. ކޮޓަރީގެ ނަންބަރު ވެސް ބުނި… މަ ހާސްވެފައި ހުރި ވަރުން ގެއިން ނުކުންނަން ވާއިރަށް ހަނދާން ނެތިއްޖެ”

“ރީން ވިހެއީތަ؟ ފިރިހެންކުއްޖެއްތަ؟… ކޮންއިރަކު؟….” ކުއްލިއަކަށް އީތަންގެ ޠަބީޢަތް ބަދަލުވެއްޖެއެވެ. ހިތްހަމަނުޖެހުމާއި ލިބިފައި ހުރި ނުތަނަވަސްކަމުގެ ތެރެއިން އެހެންކަމެއް ފާޅުވާން ފެށިއެވެ. ބޭއިޚްތިޔާރުގައި މޭޒުމަތީ ބާއްވާލި ފޯނުން ޒޫރިންއާއެކު ނަގާފައިވާ ފޮޓޯ ގަނޑު ހޯދާލުމަށްފަހު ބަލަހައްޓައިގެން އިނެވެ.

“މަށެއް ތި ހުރިހާ އެއްޗެއް ނާހާނެއެއްނު… އީތަން އެނގެން ބޭނުންވަންޏާ ގޮސް ތަހުސީނު ދޮންބެ ގާތުގައި އަހާ” ޝައުން ބުނެލިއެވެ. ނަމަވެސް އޭނާގެ އަޑު އީތަންއަށް އިވުނުކަން ޝައުންއަށް ޔަޤީންނުވީ އީތަންގެ ފަރާތުން އެއްވެސް ޖަވާބެއް ނައީމައެވެ. އީތަންއަށް ވީގޮތެއް ނޭނގިފައި ޝައުން އޭނާއަށް ބަލަހައްޓައިގެން އިނެވެ. އެހެން ތިއްބާ ވެއިޓަރު މީހާ އައިސް މޭޒު ދޮށުގައި ހުއްޓުނު އިރު ވެސް އީތަންއަކަށް ނޭނގުނެވެ. ފޯނަށް ބަލަހައްޓާއިގެން ފުން ޚިޔާލެއްގެ ކަނޑަކަށް އީތަން ގެނބެމުންދިޔައީ ހީވެސް ނުކުރާ ފަދަ ބާރުމިނެއްގައެވެ. ދެތިން ފަހަރަށް އީތަންއަށް ގޮވާލާފައި އޭނާގެ އަތުގައި ޝައުން ޖެހިއެވެ.

“ކޮބާ ދެން އޯޑަރު ދޭންވީނު…” އީތަން އިސްއުފުލާ ޝައުންއަށް ބާލާލުމާއެކު އޭނާ ބުނެލިއެވެ.

“އަހަރެން…. އަހަންނަށް ކޮފީއެއް…” ޚިޔާލީ ދުނިޔެއިން ނުކުމެވުމާއެކު ހަރަކާތްތައް ލަސްވެފައި އިން އީތަން އެއްފަހަރު ޝައުންއަށް އަނެއްފަހަރު ވެއިޓަރަށް ބަލާލާފައި ބުނެލިއެވެ. އެއާއެކު ވެއިޓަރުމީހާ ނެގި އޯޑަރު ޔަޤީންކޮށްލުމަށް ކިޔާލުމަށްފަހު އެނބުރި އައި ދިމާއަށް ހިނގައްޖެއެވެ.

“ކޮންކަމަކާ ތި ވިސްނަނީ؟” ޝައުން ސުވާލުކޮށްލީ އޭނާގެ ހިތުގައި ކަމެއް ފޮރުވައިގެން އިނދެއެވެ.

“ނުވިސްނަން” މިފަހަރު އީތަން ޚިޔާރުކުރީ ހިތުގައި ހިނގާ އިހސާސްތައް އެންމެ ގާތް އެކުވެރިޔާއަށް ސިއްރުކުރާށެވެ. ނަމަވެސް އީތަންގެ ހިމޭންކަން ޝައުންއަށް އުނދަގޫކުރިއެވެ. އެހެންވެ ވާހަކައިގެ ތެރެއިން ނުސީދާ ގޮތަކަށް ދޭތެރެއަކުން އީތަންއާ ސުވާލުކޮށްލުމުން ވެސް އޭނާއަށް ވެފައި އިން ގޮތެއް ޝައުން ގާތުގައި ނުބުންޏެވެ. އޭގެ ބަދަލުގައި ޝައުންގެ ގާތުގައި އަވަސްކޮށްލުމަށް އީތަން އެދުނެވެ. މާމަ ބުނެގެން ކަމެއްކުރަންވެފައި އޮތްކަން ހަނދާންވީ ކުއްލިއަކަށް ކަމަށް އީތަން ބުނެ ޝައުންއަށް އޮޅުވާލިއެވެ.

“މަވެސް ދާނީ އީތަންއާއެކު ތިގެއަށް” ޝައުންގެ ޚިޔާލު އެއްގޮތަކަށް ވެސް އީތަންއަށް ކަމަކު ނުދިޔައެވެ. އެތައް ވާހަކައެއް އެ ދެމެދުގައި ދެއްކުމަށްފަހު އެންމެފަހުން އީތަންއާއެކު ޝައުން އެގެއަށް އައުމުގެ ޚިޔާލު ދޫކޮށްލިއެވެ. ނަމަވެސް އޭގެ ބަދަލުގައި ރޭގަނޑު ނުވައެއްޖަހާއިރު ޝައުންއާ ބައްދަލުކުރަން އީތަންއަށް ވަޢުދުވާންޖެހުނެވެ.

* * * *

މުޅިން އައު ދުވަހަކަށް ދުނިޔެމަތި އަލިވެގެން ދިޔައެވެ. ނިދިފައި އޮތް ރޭޝްމާއަށް ހޭލެވުނީ އޭނާގެ ކޮނޑުގައި މީހަކު އަތްލައިގެން ހުރެ ގޮވަނިކޮށެވެ. ލޯ ހުޅުވާލިއިރު ގާތުގައި ހުއްޓިލައިގެން ތަހުސީނު ހުއްޓެވެ.

“ބޭބީ ހައިލައިގެން… ކުޑަކޮށް އެބަ ރޮވޭ…” ވައިއަޑުން ތަހުސީނު ބުނެލިއެވެ. އެއާއެކު ރޭޝްމާ އަވަހަށް ތެދުވިއެވެ. އަދި ތުއްތުކުއްޖާ ލާފައި އޮތް އެނދުކައިރިއަށް އައިސް ހުއްޓިލިއެވެ.

“ރީންއަށް ގޮވާލަންވީތަ؟” ތަހުސީނު އަހާލިއެވެ.

“ނޫން! އަދި ބަނޑުހައިވާހާއިރެއްނުވޭ… ހުއްޓާލެވޭތޯ ބަލާލާފައި އެހެން ގޮތެއްނެތިޖެއްޔާ ރީންއަށް ގޮވާލާނީ” ރޭޝްމާ ބުނެލިއެވެ. އޭނާގެ ހަރަކާތްތަކަށް ބަލަން ތަހުސީނު ހުއްޓެވެ. ރޭޝްމާއަކީ ދުވަހަކު ވެސް ދަރިއަކު ވިހާފައިނުވާ އަންހެނެކޭ ބުނާކަށް އެވަގުތު އަކަކަށް ވެސް ނޭނގޭނެއެވެ. ތުއްތުކުއްޖާގެ ކަންކަން ރޭޝްމާ ކުރަމުން ދިޔައީ އެހާ ވެސް ފުރިހަމައަށެވެ. މިއަދު އޭނާއަށް މާމަ ކިޔާނޭ ދަރިއަކު ލިބުމުން އެކަމާ ހުރީ ނުހަނު އުފަލުންކަން ކޮންމެ މީހަކަށް ވެސް ފާޅުކަންބޮޑުގޮތެއްގައި އެނގޭނެވެ.

ހެނދުނުގެ ސަޔަށްފަހު ރޭޝްމާގެ އެދުމަށް ޒޫރިން ފަރާތްފަރާތަށް ޖެހިލާ އެދުން ތެދުވިއެވެ. ނަމަވެސް ވޭން ހުރި ކަމަކަށް އެ ވަގުތުތައް ވެގެންދިޔައެވެ. ބަނޑުގައި ހިފަހައްޓާލައިގެން އިރުކޮޅަކު ހުރެފައި ނޫނީ ކުރިއަށް ފިޔަވަޅެއް ނޭޅެއެވެ. އެ ހުރިހާ ވަގުތަކު ޒޫރިންގެ ދެފަރާތުން އަތުގައި ހިފަހައްޓާލައިގެން ތަހުސިނާއި ރޭޝްމާ ތިއްބެވެ. ދަރިފުޅަށް ކެތްތެރިވާން ބުނަމުންނެވެ. ޑޮކްޓަރަށް އައިސް ވަދެވުނީ ވެސް ޒޫރިން އެނދަށް އަރަން އުޅެނިކޮށެވެ. އެތަން ފެނި ޑޮކްޓަރު ޒޫރިންއަށް އިތުރަށް ހިތްވަރުދިނީ މަޑުމަޑުން ވިޔަސް ތެދުވެ ހިނގާލާ ހެދުމަށެވެ.

ޒޫރިން ބަލާފާއި ޑޮކްޓަރު އެނބުރި ދިޔައީ އޭނާ މެންދުރު ގެއަށް ފޮނުވާލާނެކަމުގެ އުފާވެރި ޚަބަރު ދީފައެވެ. ޒޫރިން އާއި ދަރިފުޅުގެ ހާލު ވެސް ރަނގަޅުވީމައެވެ. އެއާއެކު ރޭޝްމާ އާއި ތަހުސީނު އަވަސްވެގަތީ އެތަނުން ދިއުމަށް އެއްޗެހި ތައްޔާރުކުރުމަށެވެ. ޒޫރިންގެ އެއްޗެއްސަށްވުރެ ގިނައީ ކުޑަދަރިފުޅުގެ އެއްޗިއްސެވެ. އެހެންނަމަވެސް ތަހުސީނާއި އޭނާއާ ދެމެދު ދެކެވުނު ވާހަކައިގެ މަތިން ރޭޝްމާ ހަނދާނެއް ނުނެތެވެ. ރަނގަޅު ވަގުތެއްގައި ޒޫރިންއާ އެ ވާހަކަދެއްކުމަށް ރޭޝްމާ މަޑުކުރީއެވެ.

މެންދުރުފަހު ދޭއްޖަހަން އުޅެނިކޮށް ތަހުސީނުގެ ކާރު އައިސް ހ.ބުލޫމޫނުގޭ ދޮރުމައްޗަށް ކާރު މަޑުކޮށްލިއެވެ. އެ ކާރުން އެންމެ ފުރަތަމަ ވެސް ފޭބީ ނާޒިލެވެ. އޭނާ އައިސް ފަހަތު ދޮރުފަތް ހުޅުވާލަންވާއިރަށް ކާރުގެ އަނެއްފަރާތުން ރޭޝްމާ ފައިބައިގެން އައިސް ނާޒިލުގެ ގާތުގައި ހުއްޓިލިއެވެ. ވަރަށް ބަލައިގެން ނާޒިލުގެ އެހީގައި ޒޫރިން ކާރުން ފޭބިއެވެ. އަދި މަޑު ހިނގުމުގައި އައިސް ރޭޝްމާ ހުޅުވާލައިގެން ހުރި ދޮރޯށިން އެތެރެއަށް ވަނެވެ. ތަހުސީނު ކާރުގައި ހުރި ސާމާނުތައް ހިފައިގެން އައިސް ސިޓިން ރޫމު ސޯފާކައިރީ ބެހެއްޓިއެވެ.

“އަންނާނަން ކާރު ޕާކުކޮށްލާފައި…” ތަހުސީނު ނުކުންނަން ދަމުން ބުނެލިއެވެ.

“މަންމާ އަޅުގަނޑަށް މައްޗަށް ދެވޭނީ އިރުކޮޅަކު މިތާ މަޑުކޮށްލާފައި” ތަދުވެފައި ހުރި ޒޫރިން ބުނެލިއެވެ.

“ޕްރިންސަސް އުރާލައިގެން ގެންގޮސްދާނަމޭ…” ސަމާސާގޮތަކަށް ނާޒިލު ބުނެލިއެވެ. އެއާއެކު ޒޫރިން ހީނލަން އުޅެފައި ވެސް ދެ ތުންފަތް ކައިރިކޮށްލިއެވެ. އަދި ދެ ފަރާތަށް ބޯހޫރާލަމުން ސޯފާގައި އިށީނެވެ.

ގޭތެރޭގައި އެންމެން ހަމަޖެހެން ވަގުތުކޮޅެއް ނެގިއެވެ. އެންމެ ގިނައިރުވީ ޒޫރިން އޭނާގެ ކޮޓަރިއަށް ގެންދިއުމަށެވެ. ތިރީގައި ހުރި ކޮޓަރިތަކުން ކޮޓަރިއެއް ޒޫރިންއަށް ތައްޔާރުކުރަން ކުރިން ވެސް ރޭޝްމާ ވިސްނިއެވެ. ނަމަވެސް އެކަމާ ޒޫރިން އެއްގޮތަކަށް ވެސް ޤަބޫލެއްނުވިއެވެ. އޭނާ އުޅޭ ކޮޓަރިއަށް ވުރެ ތިރީގައި ހުރި ކޮޓަރިތައް ބޮޑެތިވެސްވާނެއެވެ. ކުޑަދަރިފުޅު ގޮވައިގެން އުނދަގުލެއްނެތި އުޅެވޭނެއެވެ. އެހެންނަމަވެސް ޒޫރިން އޭނާގެ ކޮޓަރި ބަދަލުކުރާކަށް އެއްގޮތަކަށް ވެސް އެއްބަހެއް ނުވިއެވެ. އެންމެ ފަހު ވަގުތު ކޮޓަރި ތައްޔާރުކުރުމުގެ މަސައްކަތް ހުއްޓާލަން ރޭޝްމާއަށް ޖެހުނީ އެހެންވެއެވެ.

ތަހުސީނު އާއި ނާޒިލުއާ ވެގެން ކުޑައެނދު ހުރީ ކުރީބައިގައި ރާވާފައެވެ. އެހެންވެ ވަގުތުން ކޮޓަރިއަށް ވަދެ ކުޑަދަރިފުޅު އެނދުގައި ބޭއްވުމަށްފަހު ރޭޝްމާ އަވަސްވެގަތީ ޒޫރިންގެ ކަންކަން ކޮށްދިނުމަށެވެ.

“މިއަދު ދެން އެއްވެސް އެއްޗެއް ހަދާނެކަމެއްނެތެއްނު… ބޭރުން ގެންނާނީ ދޯ” ކޮޓަރީގައި ހުރި ބީންބޭގުމަތީ އިނދެފައި ނާޒިލު ބުނެލިއެވެ.

“މަށަށް ވެސް ފެންނަނީ ތިޔަހެން ހަދަން” ދޮރުމަތީ ހުރި ތަހުސީނުގެ އަޑުއިވުނެވެ.

“ތަހުސީނު އަދި ތިއުޅެނީ ނުވެސް ނިދާ… ދާންވީނު ގެއަށް ގޮސް ނިދާލާފައި އަންނަން” ރޭޝްމާ ހަމަޖެހިލާފައި ޒޫރިންގެ ގާތުގައި އެނދުގެ މަގަތުން އިށީންނަމުން ބުނެލިއެވެ.

“ގެއަށް ދާކަށް ބޭނުމެއްނޫން، ސޯފާގައި ޖައްސާލަފާނަން”

“ސޯފާގައި އޮއްވާ ތަދެއް އަރާފާނެ، މިގޭގައި ކޮޓަރި ހުންނާނެ… ގެއަށް ދާން ބޭނުންނުވަންޏާ އެތަނުން ކޮޓަރިއަކަށް ވަދެ ޖައްސާލާ” ރޭޝްމާ ބުނެލިއެވެ.

“އިހަށް މިދަނީ ނަމާދަށް، އަސުރަށް ގޮވަން އެ އުޅެނީ…. އަދި މިހިރީ މެންދުރު ނަމާދުނުކޮށް، ނާޒިލު ހިނގާ ދާން… ކަލޭ ދާންވާނެ މަށާއެކީ. އަންނަމުން ސައިބޯން ކޮންމެވެސް ކަހަލަ ކާއެއްޗެއް ހިފައިގެން އަންނާނީ” ތަހުސީނު މިހެން ބުނެ ނާޒިލުގެ ކޮނޑުގައި ކޮއްޓާލިއެވެ. އޭނާ ތެދުވާކަހަލަ ޚިޔާލެއް ނުކުރުމުން ޓީޝާޓުގެ ގިރުވާނުގައި ހިފާ މައްޗަށް ދަމާލިއެވެ. އެއާއެކު ހީނގަނެފައި ނާޒިލު ތެދުވެއްޖެއެވެ. އަދި ތަހުސީނާއެކު ނުކުމެގެން ދިޔައެވެ.

“ރީން… މަންމަ ވާހަކައެއް ބުނަންވެފައި އެބައޮތް…” ދަރިފުޅާއެކު އެކަނިވުމުން އިރުކޮޅަކު ހިމޭނުން އިނދެފައި ރޭޝްމާ ވާހަކަދައްކަން ފެށިއެވެ. ޒޫރިންގެ ސަމާލުކަން ހޯދުމާއެކު ތަހުސީނާ ކައިވެނި ކުރާ ވާހަކަ ދެއްކިއެވެ. ޒޫރިންގެ ޚިޔާލު ވަރަށް މުހިންމުކަން ރޭޝްމާ ހާމަކުރުމުން އޭނާގެ އަތުގައި ޒޫރިން ހިފާލިއެވެ.

“މަންމާ! އަޅުގަނޑު ހިތުން ރުހުމުން ޤަބޫލު. މަންމަމެންނަށް ފެންނަ ދުވަހަކުން ކައިވެނި ކުރަންވީ” ޒޫރިން އޭނާގެ ހިތުގައި އޮތް އެއްޗެއް ހާމަކުރިއެވެ.

“ރީން! ދަރިފުޅާ! މިހިސާބުން އަދި ހުރިހާ ކަމެއް ނިމުނީއެއްނޫން… އަދި އެބައޮތް ކުރިމަތިލާންޖެހޭ ވަރަށް ބޮޑު އިމްތިހާނެއް” ރޭޝްމާގެ އަޑު ބަދަލުވެގެން ދިޔައެވެ.

“ތިކަން ވެސް އެނގޭ މަންމާ. ބައްޕަނެތް ކުދިން ވިހެއުމުން އަންހެނުންނަށް އަދަބު ލިބޭކަން އެނގޭ…. އެކަމަކު ވެސް ހިތަށް އަރާ… މި ދަރިފުޅަކީ ހަމަ ބައްޕަނެތް ކުއްޖެއްބާއޭ…”

“ރީން! ތިކަހަލަ ވާހަކަނުދައްކާ. ކައިވެނިން ބޭރުގައި ތިއީ ބޮޑު ފާފައެއް… ދަރިފުޅަށް އެކަން އެނގި ތަޢުބާވާން މަސައްކަތް ތިކުރަނީ… އެގޮތުގައި ސާބިތުވެ ހުރޭ… އެ ދުވަސް ވެސް ނިމި ހިނގައިދާނެ… ކެތްތެރިކަމާއި ހިތްވަރު ބޭނުންވަނީ” ޒޫރިންގެ ބޮލުގައި ފިރުމަމުން ރޭޝްމާ ބުނެލިއެވެ.

* * * *

ފުންނޭވާއެއް ބޭރުކޮށްލުމާއެކު ސައިކަލުގައި މަޑުކޮށްލައިގެން އިން އީތަން މަގުގެ އަނެއްފަރާތުން ފެންނަން ހުރި ގެއަށް ބަލާލިއެވެ. މޫނުމަތިން ފެންނަނީ ޖެހިލުންވުމެވެ. ނުތަނަވަސްކަމުގެ ރޫތައް ނިތަށްޖެހި ބާރުވެފައި ވެއެވެ. އެގޭގެ ޓެރެސްއަށް އީތަންގެ ނަޒަރު ހުއްޓިފައި ހުރިއިރު އޭނާ ކޮންމެ ވެސް ކަމެއް ހޯދާ ކަހަލައެވެ. އިސްޖަހާލާފައި ދެ ފަރާތަށް ބޯހޫރާލިއެވެ. ދެން ފެނުނީ ސައިކަލުގެ މީޓަރުބޯޑުގައި މުއްކަވާލި އަތުން ދެތިންފަހަރު ޖަހާލަމުން ޗޮސްކަނޑާލި އަޑެވެ. އެ ހުރިހާ ކަމެއް އޭނާއަށް އެވަނީ މަޑުކޮށްލައިގެން އެ އިނީ ޒޫރިން އުޅޭ ގެ ކައިރީގައި ކަމަށްވީމައެވެ. ފޯނު ނަގައިން އިނދެ ގުޅާލަން އެތައް އިރަކު މަސައްކަތްކޮށް ކޮށް އެކަން ނުވުމުން އޮފީސް ނިންމާފައި ދަމުން އީތަންއަށް އެގޭ ދޮށާއި ކައިރިކޮށްލެވުނީއެވެ. ކޮންމެހެން ކުރިއާލާ ޕްލޭންކޮށްގެންނެއް ނޫނެވެ. ނަމަވެސް އޭނާގެ ހިތް އެތަނަށް އޭނާ ގެނައީއެވެ. އެތަނުގައި ގަޑިއެއްހާއިރު އިނދެއިނދެފައި ސައިކަލު ދުއްވާލީއެވެ. ހަމައެވަގުތު އީތަންގެ ފޯނަށް ކޯލެއް އައެވެ. ސިހިފައި ކުއްލިއަކަށް ބުރެކިޖެއްސުމާއެކު އީތަން ކުރިއަށް ވެއްޓެންދާން އުޅުނެވެ. ކޮންޓްރޯލު ކުރެވުނީ ކިރިޔާއެވެ. އަވަހަށް ފޯނު ނަގާ ބަލާލީ ޝައުންކަމަށް ހީކޮށްގެން ހުރެއެވެ.

“ވަޓް… މި ހުރިހާ ދުވަހު ނުގުޅާ ހުރެފައި ހަމަ މިވަގުތުތަ ގުޅަން އެނގުނީ…” ކުއްލިއަކަށް ވެރިވެގެން ދިޔަ ފޫހިކަމާއެކު އީތަން ބުނެލިއެވެ. އަދި ފޯނު ސައިލަންޓުކޮށްލުމާއެކު އަލުން ފަޓުލޫނުގެ ޖީބަށްލިއެވެ.

ގެއަށް އައިސް ވަދެވުނުއިރު އީތަންގެ ޠަބީޢަތަށް ފޫހިކަން ވެރިވެފައި ހުރީ އޭނާއަށް ލިބުނު ފޯނުކޯލުންނެވެ. ކޮޓަރިއަށް ވަދެ ހެދުން ބަދަލުކޮށްލުމާއެކު ފަޓުލޫނު ޖީބުގައި އޮތް ފޯނު ނަގާ އެނދުމައްޗަށް އެއްލާލިއެވެ. އެވަގުތު ފޯނަށް މެސެޖެއް އައިސްފައި އޮތްކަން އެނގުނީ އެނދުގައި ޖެހުނު ގޮތުން ފޯނުގެ އިސްކުރީނު ދިއްލުމުންނެވެ.

“އަހަރެން ބޭނުން އީތަންއާ ބައްދަލުކޮށްލަން. އަހަރުމެން ދެމީހުންގެ ދެމެދުގައި އޮތް ގުޅުމާ ބެހޭ ގޮތުން ވާހަކަދައްކަން އެބަޖެހޭ… އީތަންއަށް ފަސޭހަ ގަޑިއަކާއި ބައްދަލު ކުރާނޭ ތަނެއް ބުނަނިކޮށް އަހަރެން އަންނާނެ…  ޖޭޒް…” އީތަން ފޯނަށް ބަލަން އިނދެ މެސެޖު ކިޔާލިއެވެ.

“ޖޭޒްއަށް ވުރެ މިއަދު އަހަރެންގެ ދަރިފުޅާއި އެ ދަރިފުޅުގެ މަންމަ ދުށުމަށް އަހަރެން މާ ބޭނުން…” އަތުގެތެރޭ ފޯނު ފިއްތާލަމުން އީތަން ބުނެލިއެވެ. ދެފަރާތައް ބޯހުރާލުމާއެކު ނިތްކުރީގައި ދެއަތްގެނެސް ޖައްސާލިއެވެ. އީތަންގެ ސިކުނޑީގައި ވަރުގަދަ ހަނގުރާމައެއް ކުރެވެމުންދާ ކަހަލައެވެ. ހިތާއި ޟަމީރު އެއްބައިވެ ސިކުނޑިއާއި ތޮޅެމުންދަނީއެވެ. ވިސްނުމުގެ ބާރު ދެރަކޮށް ހިތުގެ ޖަޒުބާތުތައް ހޭލައްވާލާ އެ އިހުސާސްތަކަށް ބޯލަންބުވަން މަޖުބޫރުކުރާ ފަދައިންނެވެ.

ރޭގަނޑުގެ ކެއުމުގައި ބައިވެރިވާން އީތަން ނުނިކުތުމުން އެކަން މާބޮޑު ކަމަކަށް ސުފިޔާނު ހަދާފާނޭތީ ރާބިއާގެ ވާހަކަތަކުން އެކަން ހިންދާލިއެވެ. ނަމަވެސް އެންމެން ކާމޭޒުދޮށުން ދިއުމުން ރާބިއާގެ މިސްރާބު ހުރީ އީތަންގެ ކޮޓަރިއަށެވެ. އެންމެނާ ދެކޮޅު ހަދަން ކެރުނަސް ރާބިއާގެ ކުރިމަތީ އީތަންއަށް “އުފް” ވެސް ލައްވާލާކަށް ނުކެރުނެވެ. އޭނާގެ އަތުގައި ހިފައިގެން ރާބިއާ ކޮޓަރިން ނުކުމެގެން އައީ ބަދިގެ ފަރާތަށެވެ. ކާމޭޒު ދޮށުގައި ބައިންދާފައި ކުރިމަތީ ތަށިބަހައްޓާފައި ކާންފެށުމަށް ރާބިއާ ބުނެލިއެވެ. އަދި ރޮށިތަށި އީތަންއާ ގާތަށް ދަމާލިއެވެ.

“މާމަ އެއްޗެއް ނުބުނަން ހުރީ އީތަން އަމިއްލައަށް އައިސް މާމައާ ވާހަކަދައްކާނޭ ކަމަށް… ބަލަ މާމައަށް އެބަ ފެނެޔޭ އީތަންއަށް ބަދަލުތަކެއް އައިސްގެން އުޅޭތަން… އެކަމަކު އިހަށް ކައި… އެއަށްފަހު އީތަންއަށް ދެވޭނީ މާމަ ކުރާ ސުވާލުތަކަށް ޖަވާބުދީފައި” ރާބިއާގެ އަޑުގައި އަމުރުވެރި ގޮތެއް ހުއްޓަސް އެ އަޑުގައި އޯގާތެރިކަމެއް ވެސް އެކުލެވިފައި ވިއެވެ.

މަޑުމަޑުން އިނދެ އީތަން ކުޅިމަހާއި ރޮށްޓާއި ޖަހައިގެން ކާލާފައި ނިންމާލުމުގެ ގޮތުން ރާބިއާ އަޅައިދިން ފެންތަށި ބޯލިއެވެ. ތެދުވެގެން ދާން ކިތަންމެ ބޭނުންވިޔަސް އޭނާ އިން ގޮނޑީގައި ފޫ ތަތްވެފައި އިން ކަހަލައެވެ. އިސްޖަހާލައިގެން އިންދާ ރާބިއާ ވާހަކަދައްކަން ފެށިއެވެ.

“ހޫން! ދެން ބުނެބަލަ… ކީއްވެތަ އުޅުމަށް ތިހާ ބޮޑު ބަދަލެއް އައީ؟ މިގޭގައި މިއުޅެނީ ދުރުހިލޭ ބައެއް ނޫނެއްނު. ދެން ކީއްވެ އެންމެނާ ތިހާ ދުރުހެލިކޮށް ތި އުޅެނީ…”

“ކަމެއްނުވޭ…” ރާބިއާގެ ވާހަކަ ހުއްޓާލާފައި އީތަންއަށް ބަލަން ފެށުމުން އޭނާ މަޑުމަޑުން ބުނެލިއެވެ.

“ޖަޒްލާ ކޮބާތަ؟ މާމައަށް ކަމަކު ނުދޭ އީތަން ތި އުޅޭ ގޮތެއް. މި ނޫނީ އެހެން ނުބުނަމެއްނު ދޯ… ލަސްނުކޮށް ޖަޒްލާއާ އިންނަން ފެނޭ. ކޮންމެ ވެސް ގޮތެއް އީތަން ނިންމާ. މިހާރު ވަރަށް ދުވަސްދެވިއްޖެ ތި ދެކުދިން އަމިއްލައަށް ގޮތެއް ނިންމަން. ފިރިހެން ކުދިންނަށްވުރެ ބޮޑަށް މުޖުތަމަޢުގައި ބަދުނާމުވާނީ އަންހެންކުދިން. އަހަރުމެންގެ ފިރިހެންދަރިއަކީ އެހާ ޒިންމާދާރުކަން ކުޑަ ކުއްޖަކަށް ވެގެން ނުވާނެ. އީތަންގެ ފަރާތުން މާމަ އެފަދަ ކަމެއް ފެންނާކަށް ނޭދެން… މާމަ ބޭނުން ޖަޒްލާއާ ވެސް ބައްދަލުކުރަން… ކޮންއިރަކުން އޭނާ މިގެއަށް ގެންނާނީ. ދެ ކުދިން ބައިތިއްބައިގެން ވަކިގޮތެއް ނިންމަން މިހާރު ޖެހިއްޖެ…”

“މާމާ! އަޅުގަނޑު… މިހާރު ޖޭޒް… އަޅުގަނޑާއި ޖޭޒްއާ ދެމެދު… އެއްވެސް ގުޅުމެއްނެތް…” ރާބިއާގެ ވާހަކަތަކުން އަރައިގަތުމަކީ އީތަންއަށް ކުޅަދާނަކަމަކަށް ނުވިއެވެ. އެހެންވެ އިސްޖަހާލައިގެން އިނދެ މާމަގެ ކުރިމަތީ ތެދު ހާމަކުރިއެވެ. ނަމަވެސް އެއަށްވުރެ އިތުރަށް ވާހަކަ ގެންދަންވެއްޖެނަމަ އޭނާ ބޭޒާރުވެދާނޭކަން އަމިއްލަ ޟަމީރު ހަނދާންކޮށްދިނެވެ.

“ސުބްޙާނައްﷲ! ކޮންއިރަކު؟ ދަރިފުޅާއި ޖަޒްލާ ވަކިވާނޭކަމަށް ދުވަހަކު ވެސް މާމަ ހީނުކުރަން. ކިތައް އަހަރު މިވަނީ ތި ދެ ކުދިން އެކުގައި އުޅޭތާ؟ ތިޔަފަދަ ބޮޑު ނިންމުމެއް ތި ނިންމީ ހަމަ ވިސްނާފަތަ؟…. އީތަން… މާމަ ގާތު ބުނެބަލަ” ރާބިއާގެ މޫނުމަތިން ނުތަނަވަސްކަން ފާޅުވޭވޭ ހުއްޓެވެ. ކުޑަކޮށް ވެސް އުންމީދުނުކުރާ ޚަބަރެއް ލިބުމުން އޭނާ އިނީ ޤަބޫލުކުރަން ވެސް ދަތިވެފައެވެ.

“ކުއްލި ގޮތަކަށް ހަމަޖެހުނު ކައިވެންޏެއް އެއީ… މާމައަށް އެނގިލައްވާނެ ކުރިން ވެސް އަޅުގަނޑުމެން ދެ މީހުންގެ ޚިޔާލު ތަފާތުކަން” އަނގައިން ބުނަން ނޭނގިފައި އެތައް އިރަކު އިނުމަށްފަހު އީތަން ބުނެލިއެވެ. ދޮގު ނަހަދާ ވޭތޯ އީތަން ބެލިއެވެ. އެހެންވެ ޖަޒްލާގެ ކުށް ދެއްކޭތޯ އޭނާ ބެލީއެވެ.

“ތި ދެ ކުދިން ހަމަ ވަކިވީތަ؟… ޖަޒްލާއާ ދެން ދުވަހަކު ވެސް ކައިވެންޏެއް ނުކުރާނަންތަ؟” އީތަން ދެއްކި ވާހަކަތައް ރާބިއާއަށް ޤަބޫލުނުކުރެވޭތީވެ ޔަޤީންކުރަން ބޭނުންވެގެން އަހާލާ ފަދައަކުން އީތަންގެ ގާތުގައި ރާބިއާ އަހާލިއެވެ.

“ލައްބަ” އިސްޖެހިފައި އިނދެ ބޯޖަހާލަމުން އީތަން ބުނެލިއެވެ.

ފިކުރުތަކުގެ ތެރެއަށް ރާބިއާ ގެއްލިފައި އިންތަން އީތަންއަށް ފެނުމުން އޭނާ މަޑުމަޑުން ތެދުވިއެވެ. ދެން ވެސް ރާބިއާގެ ފަރާތުން އިޝާރާތެއް ނުވިއެވެ. އެހެންވެ ކޮކާފަންޏެއް ހިރޭހެން މަޑުމަޑުން ދުރަށް ދަމުން ގޮސް ކާގެއިން ނުކުމެގެން އީތަން ހިނގައްޖެއެވެ. ގޭތެރޭގެ މަސައްކަތުގައި އެހީތެރިވުމަށް ގެނެސްފައި ހުރި ބިދޭސީ ކުއްޖާ އެއްޗެހި ހޫނުކޮށް ނިންމާފައި ބަދިގެ ފަރާތުން ނުކުންނަމުން ރާބިއާއަށް ގޮވާލިއެވެ. ނަމަވެސް ރާބިއާއަށް ހޭވެރިކަމެއްވީ އޭނާ އައިސް ރާބިއާގެ ކޮނޑުގައި ކޮއްޓާލުމުންނެވެ.

“މާމާ… ހޫނުވީ… ނިމުނީ… އަޅުގަނޑު ދަނީ…” ނުފަރިތަކަމާއެކު އެ ބިދޭސީ އަންހެންކުއްޖާ ރާބިއާއަށް ބުނެލިއެވެ. އެއާއެކު ރާބިއާއަށް ވަގުތުން އޭނާ އެ ބުނި އެއްޗެއް ފަހުމްވެއްޖެއެވެ. މަޑުމަޑުން ތެދުވެ އޭނާ ވެސް ހިނގައިގަތީ އެތަނުން ނުކުތުމަށެވެ.

އީތަން އާއި ޖަޒްލާ ވަކިވާން މެދުވެރިވި ސަބަބު އެނގެން ރާބިއާ ބޭނުންވެއެވެ. އެހެންނަމަވެސް އެ ސަބަބަކީ އެ ދެ ކުދިންގެ ޒާތީކަމަކަށް ވެދޭނޭހެން ހީވާތީ އެ ސުވާލު ކުރަން ރާބިއާ ފަސްޖެހުނީއެވެ. އޭނާ ދެން ވިސްނީ ދުރުދުރުން ވިޔަސް އީތަންއާ ވާހަކަދައްކައިގެން ހަޤީޤަތް އޮޅުން ފިލުވޭތޯއެވެ. އެއްފަހަރުން ހުރިހާ ކަމެއް އީތަން ކިޔައިނުދީފާނޭ ރާބިއާގެ ހިތަށް އަރާވަރުންނެވެ. އަނެއްކޮޅުން ރާބިއާގެ ސިކުނޑީގައި ދައުރުވަމުންދިޔަ އެންމެ ބޮޑު ސުވާލަކަށްވެފައި ވަނީ އީތަން އާއި ޖަޒްލާއާ ދެ ކުދިންގެ ތެރެއިން ކުއްޖެއްގެ ދިރިއުޅުމަށް ބައިވެރިއަކު އައީބާއެވެ. އެކަން ވެސް ޔަޤީން ކުރެވޭނީ އީތަންއާ ވާހަކަދައްކައިގެންނެވެ. ޖަޒްލާއާ ވަކިވީ ބޭނުންވެގެންކަމަށް ވާނަމަ އީތަންގެ ޠަބީޢަތް ބަދަލުވާންޖެހޭނެ ކަމަކަށް ރާބިއާއަކަށް ޤަބޫލެއްނުކުރެވެއެވެ. ކޮންމެއަކަސް ހުރިހާ ކަމެއް އެނގެން ބޭނުންނަމަ ރަނގަޅު ދަނޑިވަޅަކަށް ރާބިއާ އިންތިޒާރު ކުރަންޖެހެއެވެ.

* * * *

ޒޫރިންގެ ރުހުން ލިބުމާއެކު ތަހުސީނު އެންމެ ދުވަހެއް ވެސް ކައިވެނީގެ ކަންކަން ލަހެއް ނުކުރިއެވެ. ކޯޓަށް ފޯމުލާ އެންމެ އަވަހަށް ކައިވެނިކުރެވެން އޮތް ތާރީޚެއް އޮޅުން ފިލުވިއެވެ. ދެ ހަފްތާ ފަހުން ރޭޝްމާއަކީ ތަހުސީނުގެ އަނތްބަކަށް ހެދޭނޭކަމުގެ ޔަޤީންކަން ކޯޓުން ދިނެވެ. ކައިވެނި ކުރަން ބޭނުންވަނީ ރޭޝްމާގެ އަމިއްލަ ގޭގައިކަން އޭނާ ހާމަކުރުމުން އެކަމާ ވެސް ތަހުސީނު ރުހި ޤަބޫލުވިއެވެ.

ތަހުސީނުގެ މައިންބަފައިންގެ ފަރާތުން އޭނާގެ ދޮށްޓަށް ހުންނަ ބޭބެ ޠާރިޤުގެ ދެ މަފިރިންނަށް ވެސް ކައިވެނީގެ ވާހަކަ އޮތީ އިވިފައެވެ. ކޮއްކޮގެ ކައިވެނީގެ ޚަބަރު އިވުމުން ޠާރިޤު އުފާކުރިއެވެ. އަދި އަބްދުއްސައްތާރު ފަދައިން ޒާހިރާގެ ވިސްނުން ހުރި ގޮތް ގޯސް ކުރިއެވެ. ތަހުސީނު ބޭނުންވާ މީހަކާ އިނުމަށް ދޫކޮށްލުމަށް އެ ދެ ބަފައިން ޒާހިރާއަށް ވިސްނައިދިނެވެ. ޝައުންއާ ހަމައަށް އެ ޚަބަރު ދިޔައީ އޭނާގެ މަންމަ މީޒާގެ ފަރާތުންނެވެ. އެއްގޮތަކަށް ވެސް އިންނަން އުޅެނީ ކޮންގެއެއްގެ ކާކުކަމެއް ބުނާކަށް އެކަކަށް ވެސް ނޭނގެއެވެ. ހަމައެކަނި އެނގެނީ މާލޭ މީހެއްކަމާއި ބޮޑު އަންހެންދަރިއަކު ހުންނަކަމެވެ. އެންމެން ވެސް ތިބީ ތަހުސީނުގެ ކައިވެނި ކުރެވޭ ދުވަހަކަށް ޝައުގުވެރިވެފައެވެ. އަދި ޢާއިލާއަށް އިތުރުވާން އުޅޭ ޅީދަރިފުޅާ ބައްދަލުކުރަން ބޭނުންވެފައެވެ.

ހިތުގެ އެޖެންޑާ ސިއްރުކޮށްގެން މޫނުމަތީގެ ކުލަވަރު އޮމާންކޮށްލައިގެން އިން ޒާހިރާ އާދޭސް ކުރަމުން ދިޔައީ ކައިވެނީގެ ކުރިން ތަހުސީނު އިންނަން އުޅޭ އަންހެންމީހާ އެގެއަށް ގެނެސް މައިންބަފައިންނަށް ތަޢާރުފުކޮށް ދިނުމަށެވެ. އެކަން ރޭޝްމާއަށް ތަހުސީނު ފާޅުކުރުމުން އޭނާ ރުހިއްޖެއެވެ. ތަހުސީނުގެ ޢާއިލާ ރޭޝްމާ ބަދަލައި ގަތަސް އަދި ނުގަތަސް އެމީހުންނާ ބައްދަލުކުރުން މުހިންމު ކަމުގައި ރޭޝްމާ ވެސް ދުށްޓެވެ. އެހެންވެ ތަހުސީނާއެކު އެއްރެއެއްގެ ރޭގަނޑުގެ ކެއުމުގައި ބައިވެރިވާންށާއެކީ ރޭޝްމާ ފިޔަލަގޭ ދޯރޯށިން އެތެރެވިއެވެ. އެންމެ ޒަމާނީ ކުލަތައް ފެންނަ އެ ގޭގައި ދިރިއުޅެނީ މުއްސަނދިންކަން ބަލާލި ކޮންމެ ދިމާއަކުން ރޭޝްމާއަށް ހަނާއަޅަމުން ދިޔައެވެ.

ޒާހިރާމެންގެ ބަޔަށް ތަހުސީނާއެކު ވަން އަންހެންމީހާ ފެނިފައި ޒާހިރާގެ ބަސްހުއްޓުނު ކަހަލައެވެ. މާލޭ މީހަކަށްވުމުގެ އިތުރުން ރޭޝްމާއަކީ ރީތި އަންހެނެއްކަން ޒާހިރާއަށް އެނގުނީއެވެ. ދަރިއަކު ހުރެދާނެހެން ރޭޝްމާގެ ސިފައަކުން ނުޖަހައެވެ. ފޫކޮޅު ނިވާވަރުގެ ޓޮޕުކޮޅަކާއި ފައިކުރިއަށް ހިމަ ހަރުވާޅުގައި ރޭޝްމާ ހުރި އިރު ހެނދުން އެޅުމުގައި އަޅައިގަންނަ ފަދަ ވައްޓަފާޅިއެއް ހުއްޓެވެ. ކަޅުކުލައިގެ ބޯ ފަށުވިގަނޑެއް ފަދަ އިސްތަށިގަނޑުގެ ތެރެއިން ރޭޝްމާގެ ދޮންމޫނު ސާފުވެފައި ލޮލުގައި ތޫނުކަމާއި ގަދަ ވިދުވަރެއް ހުއްޓެވެ. ކުޑަދައްޗަކުން އިސްތަށިގަނޑު ހަރުކޮށްލާފައި ފަހަތަށް ނިއުޅާލާފައި އޮތްއިރު ހަމައެކަނި އެ އިސްތަށިގަނޑުގެ ސިހުރުގައި ވެސް ފިރިހެނަކު ޖެހޭހާ ވެއެވެ. ބުނާނޭ އެއްޗެއް ނޭނގި ޒާހިރާއަށް ތުންފަތް ތެތްމާލަމުން ތިރީތުންފަތުގައި ދަތްހާކާލެވުނެވެ. ހަމަ އެވަގުތު ތަހުސީނު އެތަނުގައި ތިބި އެންމެނަށް ރޭޝްމާ ތަޢާރުފުކޮށްދިނެވެ. އަބްދުއްސައްތާރު ހިނިތުންވެލަމުން ކޮޅަށް ތެދުވެ ރޭޝްމާ ގޮވައިގެން އައިސް ސޯފާގައި އިށީނުމަށް ތަހުސީނަށް ބުނެލިއެވެ.

ހީކުރި ގޮތާއި ޚިލާފަށް ޒާހިރާގެ ދުލުގައި ތަޅެއްލެވިފައި އިން ކަހަލައެވެ. ކޮންމެހެން ބުނަންޖެހިއްޖެ ހާލެއްގައި ނޫނީ އަނގައިން ބަހެއް އޭނާ ނުބުންޏެވެ. ޠާރީޤުމެންގެ ދެމަފިރިންނަށާއި އަބްދުއްސައްތާރަށް ވެސް ރޭޝްމާ ކަމުދިޔައެވެ. އަދި ތަހުސީނާ ކައިވެނިކޮށްގެން އެގޭގައި ދިރިއުޅެން ގަސްދުނުކުރިޔަސް އެގެއަށް އަންނަންވާނޭ ކަމުގައި އަބްދުއްސައްތާރު ބުންޏެވެ. ޒާހިރާގެ ފަރާތުން ނޭއްދާރުކަމެއް ނުފެނުމުން ތަހުސީނު އާއި ޢާއިލާގެ ދެންތިބި މެންބަރުން ވެސް ހީކުރީ ޒާހިރާއަށް ވެސް ރޭޝްމާ ކަމުދިޔައީ ކަމުގައެވެ. ރޭޝްމާ ގޮވައިގެން ތަހުސީނު އެގެއިން ނުކުތީ ދެން އެ ޢާއިލާއާ ރޭޝްމާއާ ބައްދަލުވާނީ ކައިވެނި ކުރާ ވަގުތުކަމުގައި ބުނަމުންނެވެ. އެންމެން ވެސް ތަހުސީނުގެ ނިންމުމާ ރުހުނީ އެ ނޫންގޮތެއް ނެތްފަދައަކުންނެވެ.

ދަރިފުޅަށް ނަންކިޔުމުގައި ޢަޤީޤާ ކަތިލާ އެއާއެކު ފޮނިއެއްޗަކުން ޞަދަގާތް ކުރެވުނެވެ. ޒޫރިންއަށްޓަކައި އެންމެ ފުރިހަމަ ގޮތުގައި އެކަން ތަހުސީނާއި ރޭޝްމާ ކޮށްދިނެވެ. ޒޫރިން ބޭނުންވި ގޮތަށް “ޝަމްޢާން”ގެ ނަމުން ކުޑަދަރިފުޅަށް ނަންދިނެވެ. ނަމަވެސް އެ ދުވަސްވީ ޒޫރިންގެ ހިތުގައި ޖެހި ލޮލުން ވޭނީ ކަރުނަ ފޭބި ދުވަހަކަށެވެ. ދަރިފުޅުގެ ނަމާ ބައްޕަގެ ނަން ގުޅިގެން ދާއިރު އެ ކަން ޒޫރިންއަށް ނުކުރެވުނީތީއެވެ. އެރޭ ހަތަރުދަމު ދަރިފުޅު ގާތުގައި ބާއްވާލައިގެން އޮވެ ޒޫރިން ކަރުނައެޅިއެވެ. އެތައް ފަހަރަކު ހެއްދެވި ފަރާތަށް ދުޢާ ދެންނެވުނެވެ. ކުރެވުނު ފާފަ ފުއްސަވާދެއްވާތޯ އާއި އީތަންއަކީ ޒޫރިންއަށް ހުރި އުފާވެރިކަމާއި ހިތްހަމަޖެހުންކަމުގައި އިރާދައިގައި ނުވާނަމަ އެ ލޯބީގެ މަތިން ހަނދާންނެތޭނޭ ފަދަ ގޮތެއް މިންވަރުކޮށްދެއްވުމަށް އެދެވުނެވެ. އަދި އެހެންކަމަށްވާނަމަ ދުވަހަކު ވެސް އީތަންއާ ބައްދަލުވިޔަ ނުދިނުމަށް އިރާދަކުރައްވާތޯ ވެސް އެދެވުނެވެ. އެރޭ ހިތަށްވީ ތަދާއެކު ސިކުނޑިއަށް އެތައް ޚިޔާލެއް ވެރިވެގެން ދިޔައެވެ.

ޖެހިގެން އައި ދުވަހު ރޭޝްމާގެ ގާތުން ޒޫރިން އެދުނީ ރޭޝްމާ އާއި ތަހުސީނުގެ ކައިވެންޏަށް ފަހު ރާއްޖޭން ބޭރަށް ދިރިއުޅުން ބަދަލުކުރަން ޒޫރިން ބޭނުންވާކަމެވެ. ޒޫރިންގެ ހިތް ރޭޝްމާއަށް ރަނގަޅަށް އެނގޭތީވެ އިތުރު ސުވާލެއް އޭނާ ނުކުރިއެވެ. ދަރިފުޅާ ވަކިން އުޅެން ތަހުސީނު އެއްގޮތަކަށް ވެސް ނުވިސްނައެވެ. އެހެންވެ ތަހުސީނާއި ރޭޝްމާ ވެސް ނިންމީ ޒޫރިން ބޭނުންވާހެން އެމީހުންގެ ކައިވެންޏަށްފަހު ރާއްޖޭން ބޭރަށް ދިރިއުޅުން ބަދަލުކުރާށެވެ. އޭރުން ޒޫރިންގެ ޠަބީޢަތް ބަދަލުވެ އެކަމަގެ ހެޔޮބަދަލު އޭނާގެ ރޫފައަށް ކުރާނޭކަމުގައި ޔަޤީންކުރެވުނެވެ. މާލެއާ ދުރަށް ދިއުމުން ޒޫރިންގެ ޒަހަރުތިކިތަކެއް ފަދަ ލޯބީގެ ހަޔާތާ ދުރަށް ދެވޭނެއެވެ. ދަރިފުޅާއެކު އުފަލުގައި އައު ދިރިއުޅުމެއް ފަށަން ޒޫރިންއަށް ފުރުޞަތު ލިބޭނެއެވެ.

ވަގުތުގެ ދުވެލީގައި ދުވަސްތައް ފައިހަމަކުރަމުން ގޮސް މާޒީގެ ތެރެއަށް ވަދެ އޮބާލިއެވެ. ރޭޝްމާ އާއި ތަހުސީނުގެ ދެމެދުގައި ބަދަހިވަމުން އައި ގުޅުން އެކަތިގަނޑަކަށް ހަދާލުމަށް ދެ މީހުންގެ ދިރިއުޅުމުގެ ވާފަށުގައި ޚާއްޞަ ސިއްކަޖަހަންވީ ދުވަސް ޖެހިއްޖެއެވެ. ހެނދުނުއްސުރެން ފާޑެއްގެ ހާސްކަމެއް ރޭޝްމާ ވަށާލައިފައި ވެއެވެ. އަލަށް މީހަކާ އިންނަން އުޅޭއިރު ކުރެވޭ އިހުސާސްތަކަކީ ވަކި އުމުރަކާ ގުޅިފައިވާ ކަމެއްނޫންކަން މިއަދު ރޭޝްމާއަށް އެނގިއްޖެއެވެ. ވަގުތު ކުޑަތަންވަމުން އައިވަރަކަށް އޭނާއަށް ނުވާގޮތެއްނެތެވެ. ހޮޑުލަވާހެން ހީވެގެން ފާޚާނާއަށް ވަދެ އެތައް އިރަކު ހުރެއެވެ. އެކަމަކު ހޮޑެއް ނުމެލެވެއެވެ. ބަނޑުގައި ކުދިކޮކާ އުދުހޭހެން ވެސް ހީވެއެވެ. މި ހުރިހާ ސަކަރާތެއް ޒޫރިންއަށް ފެންނަމުން ދިޔައެވެ. އޭނާ ދޭތެރެއަކުން ހީނލަ ހީނލާ އިނދެއެވެ. އަނެއްބައި ފަހަރަށް ރޭޝްމާގެ ގައިގާ ނިކަން ލޯބިން ބައްދާލައެވެ. އަދި ހުރިހާ ކަމެއް ވެސް ރަނގަޅުވާނޭކަމުގައި ބުނެއެވެ.

އިރުއޮއްސި ހަތްގަޑި ބައިވަން ވާއިރަށް ރޭޝްމާމެންގޭ ތެރެއަށް މީހުން ޖަމާވާންފަށައިފިއެވެ. ރޭޝްމާގެ ފަރާތުން ހުރީ ނާޒިލު އާއި އޭނާގެ ރަޙުމަތްތެރިއެކެވެ. ދެން ތިބީ ތަހުސީނުގެ ޢާއިލާ މެންބަރުންނެވެ. ކައިވެނިކޮށްދޭ މީހުން އައިސް ގޭތެރެއަށް ވަންތަން ފެނިފައި މީޒާ އިތުރަށް ދަތްކުނޑިވިކާލިއެވެ. އަދިވެސް އެގެއަށް ޝައުން ނާންނާތީއެވެ. އެންމެނާ އެކަހެރިވެލާފައި މީޒާ އޭނާގެ ދަރިފުޅު ޝައުންއަށް ގުޅިއެވެ. އަދި އަމުރުވެރި ގޮތަކަށް ހުރިތަނުން ހަމަ މިހާރު އައުމަށް ބުންޏެވެ.

ތަހުސީނުގެ ކައިވެންޏަށް އަންނަންޖެހިފައި އޮއްވާ މީޒާ ގުޅާފައި އަންނަންވީ އެޑްރެސް ބުނެ އެގެއަށް ވަގުތުން އައުމަށް ބުނުމުން ޝައުން ހުރީ ވާނުވާ ނޭނގިފައެވެ. މީޒާ މާގިނަ ވާހަކައެއް ނުދައްކާ ފޯނު ބޭއްވީތީ އަލުން ޝައުން ގުޅިއެވެ. އެޑްރެސް ޔަޤީންކުރިއެވެ. އެއާއެކު މީހާ ގަނޑުވާގޮތްވެއްޖެއެވެ. ކުއްލިއަކަށް ސިކުނޑީގެ ހިނގުން އަވަސްވެގެން ދިޔަ ނަމަވެސް ނިންމުންތަކެއް ނިންމާކަށް ނޭނގުނެވެ. ބޮލުގައި ރިއްސާލިހެން ނިތްކުރީގައި ކަނާއަތުގެ އިނގިލިތަކުން ޝައުން އޮބާލިއެވެ. ކާރަށް އަރާ ހަމަޖެހިލުމާއެކު ދުއްވާނުލާ އޭނާއަށް އަދިވެސް މަޑުކޮށްލެވުނީއެވެ. އެއާއެކު އަނެއްކާ ވެސް މީޒާގެ އަމުރުވެރި ފޯނުކޯލު ލިބިގެންދިޔައެވެ. ސުވާލުކުރާނޭ ފުރުޞަތެއް ޝައުންއަކަށް މީޒާ ނުދިނެވެ. ގޮތް ހުސްވެފައި ހ.ބުލޫމޫންގެއަށް ކާރުގައި ޝައުން މިސްރާބުޖެހިއެވެ. އެހިސާބަށް އާދެވުމާއެކު ޢާއިލާގެ އެހެން މެންބަރުންގެ ކާރުތައް ޝައުންއަށް ފެނިގެންދިޔައެވެ. ކާރުގައި އޭސީ ޖައްސާފައި ހުރި އިރު ވެސް ޝައުން ދާހިތްލަން ފަށައިފިއެވެ.

ކާރު ޕާކުކޮށްލުމާއެކު އެ އިން ފައިބައިގެން އަވަސްފިޔަވަޅުގައި ޝައުން އައިސް ދޮރޯށީގައި ހިފާލިއެވެ. އެހިނދު އެއްވެސް ހިފެހެއްޓުމެއްނެތި އެތެރެއަށް ދޮރޯށި ހުޅުވިއްޖެއެވެ. ކުރިމަތިން ވައަތް ފަރާތުގައި މައްޗަށް އަރަން ހުރި ސިޑިއާއި ކަނާތްފަރާތުގައި ގޭތެރެއަށް ވަދެވެން ހުރި ދޮރު ހުއްޓެވެ. އެތަންތަން ފެނި ޝައުންގެ ކަނދުރާގައި ހުރި ލޯލިތައް ކޮޅަށް ޖެހިގެން ދިޔައީ ބިރުވެރިކަމުގެ ހަނާއެޅުމަކާއެކުއެވެ. ކަންބޮޑުވުމާއެކު ހިކިފައިވާ ކަރުތެރެ ތެތްމާލުމަށް ހިންދިރުވާލިއެވެ. ވަށައިގެން ނަޒަރު ހިންގަނިކޮށް ސިޑިން މައްޗަށް ދާންވީކަން އެނގުނީ އަޑުފަށްގަނޑު އަންނަނީ މަތީންކަން އެނގުނީމައެވެ. ހަމަޖެހެން މޭގައި ފިރުމާލުމަށްފަހު ފުންނޭވާއެއް ޝައުންލިއެވެ. އަދި ސިޑީގެ ދެ ހަރުފަތް ދޫކުރަމުން ފަރިތަކަމާއެކު ޓެރެސްއަށް އަރާ މަޑުކޮށްލައިފިއެވެ.

މީޒާއަށް ޝައުން ފެނުމާއެކު އޭނާގެ ގާތަށް އައިސް ކުދިކިޔައިގަތެވެ. ނަމަވެސް ޝައުންގެ މުޅި ދުނިޔެ އެނބުރިގަތްހެން އެވަގުތު ހީވިއެވެ. އޭނާގެ ވަށައިގެންވާ ހިނގާ ހުރިހާކަމެއް އަނދިރިގަނޑުގެތެރެއަށް ގޮސް ގެއްލި ހަމައެކަނި އެ ދެލޮލަށް ފެންނަމުން ދިޔައީ ކައިވެނި ކުރެވޭ މޭޒުދޮށުގައި ތިބި ތަހުސީނާއި އޭނާގެ ގާތުގައި އިން ރޭޝްމާއެވެ. މޭނުބައިކުރާ ކަހަލަ ގޮތްތަކެއް ޝައުންއަށް ކުރެވިގެން ދިޔައެވެ. އެހިނދު އެއްއަތުން އަނގަމަތީ ހިފަހައްޓާލެވުނެވެ. އޭރު މީހާ ދަލުން ފޯވަނީއެވެ. ލައިގެން ހުރި ހުދު ގަމީސް ޝައުންގެ ބުރަކަށީގައި ހިފަމުންދިޔައެވެ. އެތަނުގައި ހުންނަން އެއްގޮތަކަށް ވެސް ޝައުންއަކަށް ނުކެރުނެވެ. ނަމަވެސް އެނބުރިލިވަގުތު އޭނާގެ އަތުގައި މީޒާ ހިފައިފިއެވެ.

“ކޮންތާކަށް؟ މިއަދު މިކަމަށްވުރެ މުހިންމު އެއްވެސް ކަމެއް ޝައުންއަކަށް ނޯންނާނެ. ބައްޕަ ވެސް އެ ހުންނެވީ ޝައުން އައިލެއް ލަސްކަމުން ނުރުހުންވެލައްވާފައި” މީޒާ ސިއްރުސިއްރުން ދަރިފުޅަށް ބުނެލިއެވެ.

ހަނދާންކުރަން ބޭނުންނުވިޔަސް ޝައުންގެ ސިކުނޑި އޭނާގެ ލޯ ކުރިމަތީ ކުލަކުރަމުން ދިޔައީ މާޒީގެ ފޮޓޯތަކެވެ. މިއަދު ލަދުވެތިކަން އަމިއްލަ ޟަމީރަށް އިހުސާސް ކުރެވެމުންދިޔައެވެ. އަނެއްކޮޅުން ތަހުސީނުދެކެ ބޭއިޚްތިޔާރުގައި ރުޅި އާދެވުނެވެ. މުޅި މާލެއިން ރޭޝްމާ ނޫން އަންހެނަކާ އިންނަން ތަހުސީނަށް ނޭނގުނީމައެވެ. އަމިއްލަ ލަދުވެތިކަމާއި ކުރެވުނު ކުށް ފޮރުވާލުމަށް ރުޅި ހަތިޔާރެއްގެ ގޮތުގައި ޝައުން ބޭނުންކުރީއެވެ. ހިތުގައި ރޭޝްމާއަށް ނަފުރަތު އުފެއްދީ ތަހުސީނުގެ ސިކުނޑިއަށް ވެރިވެގަތީމައެވެ. ދަތްކުނޑިވިކާލަމުން ދެ ބުމަ ގޮށްޖަހާލައިގެން ޝައުންއަށް ހުރެވުނީއެވެ.

އަނބިޤަބޫލުކޮށް ކައިވެނީގެ ހަފުލާ ނިމުމަކަށް އަތުވެއްޖެއެވެ. މޭޒުދޮށުން އެންމެން ތެދުވެ ޤާޟީއަށް އިޙުތިރާމު އަދާކުރުމާއިއެކު އެ ހަފުލާއަށް ތައްޔާރުކޮށްފައި އޮތް ސައިގައި ބައިވެރި ވުމަށް ދަޢުވަތު އެރުވިއެވެ. އެކަމުގައި ތަހުސީނާއި އޭނާގެ ބޭބެ އާއި ބައްޕަ އިސްކޮށް އުޅުނެވެ. ރޭޝްމާގެ ފަރާތުން ހިތްހަމަޖެހޭ ކަހަލަ ކުލަވަރެއް ފެނުނެއްކަމަކު ޒާހިރާއަށް ޒޫރިން ކަމަކު ނުދިޔައެވެ. ޒޫރިންގެ އަނަރޫފަވެފައިވާ ހަށިގަނޑާއި ކުޑަދަރިއަކު ގޮވައިގެން އުޅޭތަން ފެނި އެކަމާ ޒާހިރާ ހީވަނީ ބޮލުގައި ރިއްސައިގަނެފައި ހުރި ހެންނެވެ. އެހެންވެ ވަގުތެއް ހޯދާލައިގެން ޒޫރިންގެ ގާތަށް އައިސް ކުޑަދަރިފުޅު ގޮވައިގެން އެ ފަދަ ވަގުތެއްގައި ހާމަތަނެއްގައި ހުރުމަށްވުރެ އެންމެ ރަނގަޅު ގޮތަކީ އެތެރެއަށް ވެއްދުން ކަމުގައި ބުނެލިއެވެ. އުމުރުން ދުވަސްވީ ޒާހިރާގެ ބަސް ވަގުތުން ޒޫރިން ޤަބޫލުކުރިއެވެ. އަދި އެ ދެ ލޮލުން ފެނިގެން ދިޔަ އިޙްތިރާމާއި ލޯބި ޒާހިރާއަށް ދެނެގަންނާކަށް ނޭނގުނެވެ. ތަހުސީނުގެ މަންމައަށް ޒާހިރާ ވާއިރު އެއީ ޒޫރިންގެ މާމަކަން ޚުދު ޒޫރިންއަށް އެނގެއެވެ. އެހާ ފަސޭހައިން ޒާހިރާގެ ބަސް ޤަބޫލުކުރީ އެހެންވެއެވެ.

ދުރުދުރުން އުޅުނު ޝައުންގެ އަތުގައި މީޒާ ހިފައިގެން އައިސް ރޭޝްމާގެ ކުރިމަތީ މަޑުކުރިއެވެ. އެހިނދު ހަތަރުކަޅި ހަމަވގެން ދިޔަ ޝައުން އާއި ރޭޝްމާއަށް ވެސް ނުބައިގޮތްތަކެއް ވެގެން ދިޔައެވެ. ދެ ލޯ ބޮޑުކޮށްލެވުނީ ޝައުންއަކީ މީޒާގެ ހުރި ހަމައެކަނި ދަރިފުޅުކަން ރޭޝްމާއަށް އެނގުމުންނެވެ. ލިބުނު އުފާވެރިކަން ރޭޝްމާގެ އަތުން ފޭރިގަތް ކަހަލަ އިހުސާސެއް އެވަގުތު ކުރެވިގެން ދިޔައެވެ.

ހިނިތުންވެލައިގެން ހުރެ ޝައުންއަށް ރޭޝްމާ ތަޢާރުފުކޮށްދެމުން މީޒާ ދިޔައިރު އެ ދެމީހުންގެ ދެމެދުގައި ބަދަލުކުރެވެމުންދިޔަ ނަޒަރުގެ ހަޤީޤަތެއް ނޭނގެއެވެ. މީޒާގެ ވާހަކަތައް ކުރުކޮށްލާފައި އޭނާ ޝައުންއަށް ބަލާލިއެވެ. އެހިނދު ނިކަން އަވަހަށް ހިނިތުންވެލަމުން ޝައުން ބޯޖަހާލިއެވެ. އަދި އަވަސް ނަޒަރެއް ރޭޝްމާއަށް ދީފައި އެތަނުން ދިއުމުގެ ހުއްދަ ޝައުން އެދުނީ ކަރުހިއްކައިގަތުން ބަހަނާއަކަށް ދައްކާފައެވެ. ހީނލާފައި މީޒާ އޭނާގެ ދަރިފުޅު ފޮނުވާލިއެވެ.

ޢާއިލާގެ މެންބަރުންގެ ގާތްކަމާއި ރައްޓެހިންގެ ސަމާސާތަކުގެ ތެރޭގައި ހުރި އިރު ވެސް ރޭޝްމާއަށް ދޭތެރެއަކުން ބަލާލެވެނީ ޝައުންއާ ދިމާއަށެވެ. ނުތަނަވަސްކަމުން އޭނާގެ ސިކުނޑި ފުރި ނިތްކުރިން ދާހިއްލަން ފަށައިފިއެވެ. އަތުގައި އޮތް ޓިޝޫކޮޅު ވެސް ބޭނުންނުކުރެވޭވަރު ވެއްޖެއެވެ. ޝައުންއަކީ ތަހުސީނަށް ބޮޑުބޭބެ ކިޔާ ކުއްޖަކަށް ވެދާނޭ އެއްގޮތަކަށް ވެސް ރޭޝްމާ ހިޔެއްނުކުރެއެވެ. އަދި އެރެޔަށްފަހު ޝައުންއާ މަގެއްގެ މަތިން ވެސް ދިމާނުވުމަކީ ރޭޝްމާއަށް އޭނާގެ އެހެން ކަސްޓަމަރުންނެކޭ އެއްގޮތަކަށް ޝައުންގެ މަތިން ހަނދާންނައްތާލަން ފަސޭހަވެގެން ދިޔަ ކަމެކެވެ. އެންމެ ފަހުން ރޭޝްމާއަށް ނުހުރެވިގެން ތަހުސީނުގެ ގާތަށް ޖެހިލާ ސިއްރުން ވާހަކައެއް ދައްކާލާފައި ގޭތެރެއަށް ވަންނަން ހިނގައިގަތެވެ. ދުރުގައި ހުރި ޝައުން އެ ދިމާއަށް ހިނގައިގަތީ ފުރުޞަތަކަށް ބަލަބަލާ ހުރި ހެންނެވެ.

ކަންބޮޑުވެފައި ހުރެ ރޭޝްމާ އައިސް ކޮޓަރިއަށް ވަނެވެ. މަޑުމަޑުން އައިސް އެނދުގައި އިށީދެ ވިސްނަން ފެށިއެވެ. އެވަގުތު ދޮރުގެ ތަޅުގައި މީހަކު ހިފި އަޑުއިވުނެވެ.

“ތަހުސީނު…” ބޭއިޚްތިޔާރުގައި ރޭޝްމާއަށް ބުނެލެވުނެވެ. އަދި ސިއްރު ކުރަމުން އައި ކަންތައް ފަޅާ އަރާފާނެތީ ތިރީ ތުންފަތުގައި ދައިގަނެވުނެވެ. ހާސްކަމާއެކު އެނދުން ތެދުވެ ދޮރާ ދިމާއަށް ބަލަހައްޓައިގެން ހުރީ އެއްއަތް އަނެއް އަތުގެތެރެއަށް ލައިގެންނެވެ. ވިސްނަމުން ދިޔައީ ތަހުސީނުގެ ގާތުގައި ދައްކާނޭ ވާހަކައަކާ މެދުއެވެ.

ރޭޝްމާގެ ކޮޓަރީގެ ދޮރު ހުޅުވާލާފައި އެތެރެއަށް ވަންތަން ފެނުނީ ޝައުންއެވެ. އެހިނދު ރޭޝްމާ ލަމުންދިޔަ ނޭވާ ހިނދުރީގައި ތާޝިވި ކަހަލައެވެ. ދެ ލޯ ބޮޑުކޮށްގެން ޝައުންއަށް ބަލަން ހުރެވުނީއެވެ. އޭނާއާ ގާތަށް ފިޔަވަޅަކަށްފަހު ފިޔަވަޅެއް އަޅަމުން އައިސް ދިމާ ކުރިމަތީ ޝައުން މަޑުކޮށްލިއެވެ. އެއާއެކު އިތުރަށް ރޭޝްމާއަށް ކެތެއްނުކުރެވުނެވެ.

“އަހަރެން މިހާރު އެހެންނެއްނޫޅެން… އޭރުވީ ކަންތައް ހަނދާންނައްތާލާ… ތަހުސީނާއެކު ދިރިއުޅުމެއް އަހަރެން ބޭނުން” ރޭޝްމާ އާދޭހުގެ ރާގެއްގައި ބުނެލިއެވެ.

“ތަހުސީނުދޮންބެއަށް ކަލޭގެ ހަޤީޤަތް އަހަރެން ކިޔައިދޭނަން. ހެކި ވެސް ދައްކާނަން…. ތި ކަހަލަ އަންހެނަކާ އަހަރެންގެ ޢާއިލާ މީހަކު ގުޅުނަކަ ނުދޭނަން. ކަލެއަކީ ބާޒާރުގައި މުދާ ވިއްކާ އުސޫލުން ކަލޭގެ ހަށިވިއްކަން އުޅޭ މީހެއް… ކިހިނެއް ތިކަހަލަ އަންހެނަކު އަނތްބަކަށް ހަދާނީ… އެއްވެސް ފިރިހެނަކު ބޭނުމެއްނުވާނެ ކަލޭ ކަހަލަ އަންހެނަކު އެމީހެއްގެ އަނތްބަކަށްވާކަށް. މަށަށް ހީވަނީ ކަލޭގެ ފެންވަރު ވެސް އޮޅުނީހެން. މި މާލޭގައި އެންމެ އަގުބޮޑުކޮށް ހަށީގެ ވިޔަފާރި ކުރާ އަންހެނުންގެ ތެރޭގައި ކަލެއަކީ މަޝްހޫރު މީހެއް. ކަލޭގެ އަގަކީ އެއީ…. އަނތްބެއްގެ މަޤާމަކީ ތިޔަކަހަލަ އަންހެނުންނަށް ހޯދި ދާނޭ ހައްޤެއްކަމުގައި ކަލެއަށް ހީވީތީ މަ ހަމަ ހައިރާންވެއްޖެ… ހުވަފެނުގަ ވެސް ކަލެއަށް އެއީ ނުވާނޭ ކަމެއް….”

ޝައުންގެ ދުލުން ބޭރުވެގެން ދިޔަ ކޮންމެ ލަފުޒެއް ތޫނު ކަށިތަކެއްހެން ރޭޝްމާގެ ހިތަށް ހެރި ޒަހަމްތަކުން ލޭ އޮހޮރެމުން ދިޔައެވެ. އޭގެ އަސަރު ރޭޝްމާގެ ލޮލުން ފާޅުވެގެން ދިޔައީ ވޭނާއި ރިހުމުން ފުރިގެންވީ ފަދައަކުންނެވެ. އިސާހިތަކު ރޭޝްމާގެ ކޯތާފަތް ތެމި އިސްޖަހާލެވިއްޖެއެވެ.

“ޝައުން ފަދަ ފިރިހެނުންގެ ބޭނުންތައް ފުއްދުމަށް އަހަރެން ކަހަލަ އަންހެނުންގެ ގާތަށް ނާންނަނަމަ އަހަރުމެންނަކަށް އެ ނުބައި ޢަމަލު ހިންގުމަށް ފުރުޞަތެއް ނުލިބުނީސް. އަހަންނަށް އެނގޭ އަހަރެން ކުރަމުން އައީ ބޮޑު ފާފައެއްކަން. އެކަމާ މިއަދު އަހަރެން ވަރަށް ބޮޑަށް ހިތާމަކުރަން. އަހަރެންގެ ފިރިމީހާ ފަދަ މާތް އިންސާނެއްގެ ތިޔަފަދަ ނުބައި ޢަމަލު ހިންގަން އާދެވެފައި ހުރި ކޮއްކޮއަކު ހުރިކަން އެނގުމުން މިއަދު ވަރަށް ބޮޑަށް ދެރަވެއްޖެ. އަދި އެ ކޮއްކޮއާއެކު އެ ނުބައި ފާފަކުރުމަށް މަގުފަހިކޮށް އެއްބާރުލުން ދެވުނީތީ އެކަމާ އަހަރެން މަރުވާވަރަށް ލަދުގަނޭ… ޝައުން، އަދި ވަގުތު ފާއިތެއްނުވޭ… އަހަރެންގެ އުޅުން އިރާދަކުރެއްވިއްޔާ އަހަރެން ބަދަލުކޮށްފިން، އަހަންނަށް އެ ހިތްވަރާއި ސާބިތުކަން ލިބުނުއިރު ޝައުންއަށް ކީއްވެ ރަނގަޅު މަގުން ނުހިގެންވީ. އަހަރެން ތަހުސީނަށް އެއްވެސް ކަމެއް އޮޅުވައެއްނުލަން. އަހަންނަކީ ކޮންކަހަލަ އަންހެނެއްކަން އޭނާއަށް އެނގި ހުރެ އަހަންނާ ކައިވެނި ކުރަން ނިންމީ. ތަހުސީނު އަހަންނަށް ފުރިހަމަ އިތުބާރުކުރި. އަހަރެންގެ މުޅި ދިރިއުޅުން އޭނާ ބަދަލުކޮށްލި. އަހަރެންގެ ގައިގާ ބީހުމެއްނެތި… އޭނާއަށް ނޭނގޭނެ ހަމަ އެއްކަމެއް ވެސް ނޯންނާނެ… ޝައުން ބޭނުންވާނަމަ ގޮސް އަހަރުމެން ދެމީހުންގެ ދެމެދުގައި ހިނގި ކަންތަކުގެ ވާހަކަދައްކާ. އަހަންނަށް ޝައުންއެއް ނުހުއްޓުވޭނެ. އެކަމަކު ކިޔައިދޭންވާނީ ތެދަށް. ތިމާ އެ ފާފައިގައި ބައިވެރިވިކަން ޢާއިލާއަށް އެނގުމުން ތަހުސީނަށް ވާނޭ ގޮތާއި ބަދުނާމުވާނީ ކާކުކަން ވިސްނާތި… އެހެންނޫނަސް ޝައުންއަށް ކޮން ޔަޤީންކަމެއް އޮތީ ތި ވާހަކަތައް ކިޔައިދީގެން ވެސް ތަހުސީނު އަހަންނާ ވަކިވާނޭކަމުގެ…”

ރޭޝްމާގެ ލޮލުން ފައިބަމުން ދިޔަ ކަރުނަ އާއި އޭނާގެ ވާހަކައިގައި ހުރި ތެދުވެރިކަމާއި ޖެހިލުންކުޑަކަމުން ޝައުންގެ ބަސްހުއްޓުނެވެ. ޚުދު އޭނާއަށް ވެސް ފާފައިގެ އިހުސާސް ކުރެވިގެން ދިޔައެވެ. އަދި ލަދުވެތިކަމާއެކު ރޭޝްމާއާ ނަޒަރުވަކިކޮށްލަމުން އިސްޖަހާލިއެވެ. މީގެ ކުރިން ފިކުރު ހިންގާނުލެވުނު އެތައް ކަމަކަށް ރޭޝްމާގެ ވާހަކަތަކުން ވިސްނުން ހިންގާލަން މަޖުބޫރުވިއެވެ. ޝައުންގެ ޟަމީރު ފުންނިންޖަކުން ހޭލައްވާލައިފިއެވެ. މުޅި ނަފްސު ހިސޯރުކުރަމުން ދިޔަ ރުޅިވެރިކަން މުޅިންހެން ފިލައިގެން ހިނގައްޖެއެވެ. ރޭޝްމާއަކީ ކޮންކަހަލަ އަންހެނެއްކަން އެނގި ހުރެ އޭނާއާ ތަހުސީނު އިންނަން ބޭނުންވާނީ ކޮންމެވެސް ސަބަބެއް އޮވެގެންކަމުގައި ޝައުންއަށް ޤަބޫލުކުރެވެން ފެށިއެވެ. ނަމަވެސް އެ ސަބަބެއް ވިސްނުމަކަށް އެއްގޮތަކަށް ވެސް ނައެވެ. އެ ސުވާލަށް ޖަވާބު ނުހޯދާ އެ ކޮޓަރިން ނުކުންނާކަށް ޝައުން ބޭނުމެއްނުވިއެވެ.

“ތަހުސީނު ދޮންބެއަކީ ރަނގަޅު މީހެއްކަން އަހަރެން ވެސް ޤަބޫލުކުރަން… އެކަމަކު… އަހަންނަކަށް ނުވިސްނުނު އެގޮތަށް ނިންމަން ޖެހުނު އެއްވެސް ސަބަބެއް”

“ތަހުސީނުގެ އުފާތަކަށް ހުރަސްއެޅި ބަޔަކީ ތަހުސީނުގެ އަމިއްލަ ޢާއިލާ. އޭނާގެ އެކަނިވެރިކަން އެކަކަށް ވެސް ފާހަގައެއްނުވި… ހުރިހާ ވެސް މައްސަލައަކީ ޒުވާންކަމުގެ ޖޯޝުގައި ތަހުސީނަށް ވެސް ގޯހެއް ހެދުނުކަން… ތަހުސީނުގެ ދަރިއަކަށް ކައިވެނިން ބޭރުގައި އަންހެންކުއްޖާ ބަލިވެ އިންކަން އެނގުމުން ތަހުސީނުގެ މައިންބަފައިން އޭނާ ހުއްޓުވީ އޭނާގެ ޒިންމާ އަދާކުރުމުން. މި ހުރިހާ ދުވަހު އޭނާ އުންމީދުކުރީ އެންމެ ކަމަކަށް… ކޮންމެވެސް ދުވަހަކުން ދަރިފުޅާ އެ ދަރިފުޅުގެ މަންމައާ ބައްދަލުވާނެކަމަށް. އަދި އެމީހުންނާއެކު ފުރިހަމަ ޢާއިލާއެއްގެ ގޮތުގައި އަލުން ހަޔާތް އާބާދުކުރުމަށް… ނަމަވެސް ތަޤުދީރުގައި ވަނީ ކީކޭކަން އެނގުނީ މާ ފަހުން… ތަހުސީނުގެ ދަރިފުޅާ ބައްދަލުވި އިރު އެ ދަރިފުޅުގެ ހަޤީޤީ މަންމައާ ވަނީ ވަކިވެފައި… ހުރިހާ ކަމެއް އަބަދަށް ސިއްރުވެފައެއްނޯންނާނެ… ތަހުސީނުގެ އުމުރުން ޅަވެފައި މައިންބަފައިންގެ ނުފޫޒުގައި އެ ދުވަހު ހުރީ ބަނދެވިފައިކަމަށް ވިޔަސް މިއަދު އޭނާއާ އޭނާގެ މަންޒިލާ ދޭތެރެއަށް އެޅޭ ކޮންމެ ހުރަހެއް ނެތިކޮށްލުމުގެ ބާރާއި ހިތްވަރު އެބަހުރި… މިއަދު ތަހުސީނު ފަހަތަކަށް ނުޖެހޭނެ… ﷲ އޭނާގެ ދަރިފުޅު އޭނާއަށް ރައްދުކޮށްދެއްވައިފި… އެހެންނަމަވެސް ވަރުގަދަ އިމްތިހާނަކާއެކު… މި ހުރިހާ ކަމެއް ޝައުންއަށް ވިސްނޭވަރަށްވުރެ ތި ސިކުނޑި އަދި މާ ޅަ…”

“އަހަރެން… ސިއްރުކޮށްދޭނަން…. އަހަރުމެން ދެމީހުންގެ ދެމެދުގައި ހިނގައިދިޔަ ކަންތަކުގެ ވާހަކަ ދުވަހަކު ވެސް މީހެއްގެ ގާތުގައި ނުދައްކާނަން. އަހަންނަށް ކަންކަން ނުވިސްނޭހާ ޅައެއްނޫން… ތަހުސީނު ދޮންބެ ކަމަކާ ފިކުރު ކުރާކަން އަހަންނަށް އަބަދު ވެސް އެނގޭ… ތަހުސީނު ދޮންބެގެ ދަރިއަކު ހުރި ވާހަކަ އެއްވެސް ފަހަރަކު ނުބުނޭ… ބުނި ނަމަ އަހަރެން ވެސް އެހީވާނަން. އަހަންނަށް ކިޔުނު އެއްޗިއްސަށް މާފަށް އެދެން…. ތަހުސީނު ދޮންބެގެ އުފާވެރިކަން ގެއްލޭވަރު ކަމެއް އަހަރެން ނުކުރާނަން… ސޮރީ….”

“އަހަންނަކީ މިހާރު ތަހުސީނުގެ އަނބިމީހާ… ޢައިލާ ގޮތުން އަހަރުމެން ދެމީހުންގެ ދެމެދުގައި އޮންނަންވާ ގުޅުމުގެ އިން ފަހަނައަޅައި ދާކަށް އަހަރެން އެއްގޮތަކަށް ވެސް ބޭނުމެއްނޫން. ޝައުން އަހަންނަށްކީ އެއްޗިއްސަކީ އަހަރެންގެ ހަޤީޤަތް އެނގުމުން ކޮންމެ މީހަކު ވެސް ކިޔާނޭ އެއްޗެހި… އެކަމަކު މިހާރު އަހަންނަކީ އޭރުގެ ރޭޝްމާއެއްނޫން… އިރާދަކުރެއްވިއްޔާ އުމުރުގެ ބާކީ އޮތް ދުވަސްތައް ހޭދަ ކުރާނީ ހެޔޮ ގޮތުގައި. ޝައުން ވެސް ތި އުޅުން ބަދަލުކުރޭ… އެހެންނޫނީ މި ކަހަލަ ހުތުރުކަން ބޮޑު ކިތަންމެ ލަދުވެތި ކަމަކާ ކުރިމަތިލާންޖެހިދާނެ… ﷲއަށް ޝުކުރުކުރަން ޝައުންއާ ބައްދަލުވެ ހެޔޮ މަގަށް އައުމަށް ނަޞޭހަތްތެރިވާނެ ފުރުޞަތު އަހަންނަށް ލިބުނީތީ… ބޮޑުބޭބެގެ އަނބިމީހާއަށް ކުރަންޖެހޭ ފުރިހަމަ ޤަދަރު ޝައުން އަހަންނަށް ކުރާނޭ ކަމަށް ހީކުރަން… އެ މަޤާމު ފުރިހަމަ ކުރުމަށް ފުރުޞަތު ދޭނެ ކަމުގައި ހީކުރަން”

“ހޫމް!… މި… މި… މި ވާހަކަތައް އެއްވެސް މީހެއްގެ ކަންފަތާ ހަމައަށް އިވޭކަށް އަހަރެން ވެސް ބޭނުމެއްނޫން. އެންމެ ރަނގަޅުވާނީ މަޞްލަޙަތަށް ޓަކައި ހެއްދެވި ފަރާތާ ދެމެދުގައި މިކަން ސިއްރެއްގެ ގޮތުގައި ބޭއްވުން. މިހެން ވެދާނެކަމަކަށް އަހަރެން ވެސް ހިޔެއްނުކުރަން… ކޮންމެ ކަމެއް ވެސް ވާނީ އެކަމެއް ވާން އޮތް އެންމެ ރަނގަޅަކަށް…” އިސްޖަހާލައިގެން ހުރެފައި ޝައުން ނިތްކުރީގައި ކަނާތުގެ އިނގިލިތައް ހާކާލިއެވެ. އަދި އިތުރަށް އެ ކޮޓަރީގައި ނުހުރެ އަވަސް ފިޔަވަޅުގައި ނުކުމެގެން ދިޔައެވެ.

“ޝައުން!” އެންމެން އެކުގައި އެތެރެއަށް އައުމަށް ހިނގައިގަތް ވަގުތު ރޭޝްމާގެ ކޮޓަރިން ހަލުވިކޮށް ނުކުމެގެން ދިޔަ ޝައުން ފެނި މީޒާ ގޮވާލިއެވެ. އެ އަޑަށް ކޮޓަރީގައި ހުރި ރޭޝްމާ އޭނާގެ ދެ ލޯ ފުހެލިއެވެ. އެވަގުތު ތަހުސީނު ވެސް ހައިރާންކަމާއެކު ޝައުންއަށް ބަލާލާފައި ރޭޝްމާގެ ކޮޓަރިއަށް އައިސް ވަންނަނީއެވެ.

“ޝައުން މާ ބާރަށް އެ ދިޔައީ ކިހިނެއްވީ؟”

“ދަނީކަމުގައި ބުނީ…” ޝައުން އެދުނުހެން ހަޤީޤަތް ސިއްރު ކުރަމުން ރޭޝްމާ އަވަސް އަވަހަށް ބުނެލިއެވެ.

“އަހަރެން ނުރުހިފައި ހުރިއްޔޭ ހީކޮށް ކަންނޭނގެ އެ ދިޔައީ އަވަހަށް” ތަހުސީނު ވިސްނާލާފައި ހީނލަމުން ބުނެލިއެވެ.

“ރޭޝް… ދޭ ބަލަ ރީން ގޮވައިގެން އަންނަން”

“އާން!…ހަނދާންނެތިފައި މިހުންނަނީ… ރީންއަށް ވީގޮތެއް ވެސް ބަލާނުލާ މިއުޅެނީ” ރޭޝްމާ މިހެން ބުނެ ކޮޓަރިން ނުކުންނަން ހިނގައިގަތެވެ.

“އެ ފަރާތުގައި އެއީ މިގޭ ބައެއް ދޯ… ބޮޑު ގޯއްޗެއް ދޯ މީ…. މިހާ ބޮޑު ގެއެއްގައި ރޭޝްމާ އެކަނިމާ އެކަނިތަ ހުންނަނީ” ޒާހިރާ ވަށައިގެން ނަޒަރު ހިންގަމުން އައިސް ރޭޝްމާގެ ކޮޓަރިއަށް ވަނެވެ. އޭނާގެ ވާހަކަ އަޑުއިވުނެއްކަމަކު އެކަމަކާ އެއްޗެއް ބުނުމެއްނެތި ރޭޝްމާ ހިނިތުންވުމެއް ބަދަލުކޮށްލާފައި ޒޫރިންގެ ޚަބަރު އޮޅުންފިލުވަން ދިޔައެވެ.

“މީ ރޭޝްމާ މަންމަގެ ގެއެއް. އެ ފަރާތް އެ އޮންނަނީ ކުއްޔަށްދީފައި… މިހާރު ދެން އެކަންޏެއްނުވާނެއެއްނު. އަޅުގަނޑު ވެސް އުޅޭނެއެއްނު. އަނެއްކާ ރީން އާއި ބޭބީ ވެސް އުޅޭނީ އަޅުގަނޑުމެންގެ ގާތުގައި… އެހެންވީމަ ގޭތެރެ ފަޅެއްނުވާނެ” ކައިވެނީގެ ކަންކަން ނިމުމުން ހަމަޖެހިފައި ހުރި ތަހުސީނު ބުނެލިއެވެ.

ޝައުން ފިޔަވާ ޢާއިލާގެ ހުރިހާ މެންބަރުން ރޭޝްމާގެ އެނދާއި އެ ކޮޓަރީގައި ހުރި ކުޑަ ސޯފާގައި އިށީނދެ ތިއްބެވެ. އެމީހުންނާ ކުރިމަތިވާނޭހެން ވާހަކަދައްކަން ފަޓުލޫނުގެ ޖީބަށް އެއްއަތް ކޮއްޕާލައިގެން ތަހުސީނު ހުއްޓެވެ. ގިނަ އިރެއްނުވެ ރޭޝްމާ އައިސް ވަނީ ޒޫރިން ގޮވައިގެންނެވެ. އެއާއެކު ތަހުސީނުގެ މޫނުމަތިން އަޖައިބެއް ފަދަ އުފާވެރިކަމެއް ފާޅުވެގެން ދިޔައެވެ. ޒޫރިންއަށް އަތްދިއްކޮށްލުމާއެކު އޭނާ އައިސް ތަހުސީނުގެ ގާތުގައި މަޑުކޮށްލިއެވެ. އެއާއެކު ޒޫރިންގެ ކަނާތު އަތްތިލަ ނަގާ އެ އަތްތިލައިގައި ފިރުމާލާފައި ތަހުސީނުގެ ދެއަތްތިލައިގެ ތެރޭ ހިފަހައްޓާލިއެވެ. އަދި އޭނާގެ ޢައިލާއާގެ ހުރިހާ މެންބަރުންނަށް ވަރަށް ރަނގަޅަށް ބަލާލިއެވެ.

“މީ އަޅުގަނޑުގެ ދަރިފުޅު…. އަޅުގަނޑަށް ފަރިޔާލު ބަލިވެ އިނދެ ވިހޭ ކުއްޖާ… އެންމެ ތުއްތު އިރުއްސުރެ އޭނާ ބެލީ ރޭޝްމާ… މަންމާ، އަޅުގަނޑު ބުނީމެއްނު އަޅުގަނޑުގެ ދަރިފުޅު ލިބިއްޖެޔޭ…”

ތަހުސީނުގެ ވާހަކަ އިވިފައި ޒާހިރާގެ ދެ ލޯ ބޮޑުކޮށްލަމުން އަބްދުއްސައްތާރަށް ބަލާލިއެވެ. މީޒާއަށް ރަނގަޅަށް ވާނުވާ ނޭނގި އިނދެ ޠާރިޤުއަށް ބަލާލީ އޮޅުންފިލުވައިދޭށޭ ބުނާ ފަދައިންނެވެ.

“ދަރިފުޅާ…” ފުންނޭވާއެއް ލާފައި އަބްދުއްސައްތާރު ތެދުވަމުން ތަހުސީނަށް ގޮވާލީ ވާހަކައެއް ދައްކަންށެވެ. އެހިނދު ޒާހިރާގެ ހަރުކަށި އަޑު އިވިގެންދިޔައެވެ.

“އަމިއްލައަށް ބޮޑިނުބޮއެ ފަރަކު ނުޖެހުނުތަ؟ ބަލަ ތަހުސީނުގެ ނުހުންނާނެ ދަރިއަކު… ތީ އެ އަންހެންމީހާގެ ދަރިއެއް. ނުބަލަންވެގެން ބޮލާލާ ޖެހީ ދޯ…” ޒާހިރާގެ ކުލަވަރު ދައްކާލުމާއެކު ޒޫރިންއަށް ފަސްޖެހެވޭގޮތްވިއެވެ.

ޒޫރިންގެ ކޮނޑުގައި ވަށާލި ތަހުސީނުގެ އަތާއެކު އޭނާގެ ގާތަށް ޒޫރިން ޖައްސާލިއެވެ. ހަމައެހިނދު ރޭޝްމާ އައިސް ތަހުސީނުގެ ގާތުގައި ހުއްޓިލަމުން ޒޫރިންގެ އަތުގައި ހިފަހައްޓާލިއެވެ. ހީވީ ދަރިފުޅުގެ ދިފާއުގައި ރޭޝްމާ އާއި ތަހުސީނު ހުއްޓިލައިގެން ތިބިހެންނެވެ. އޭރު ވެސް އަބްދުއްސައްތާރު ކޮޅަށް ތެދުވި ގޮތަށް އޭނާ ހުރި ފިޔަވަޅުމަތީ މަޑުކޮށްލައިގެން ހުއްޓެވެ. ޒާހިރާގެ ވާހަކަ އަޑުއިވިފައި އޭނާ ވެސް ޒޫރިންއަށް ބަލާލީ ވަރަށް ފަރުވާތެރިކަމާއެކުއެވެ. އެހެންނަމަވެސް އެ މޫނުމަތިން ޒާހިރާގެ ފަރާތުން ފެނުނު ފަދަ ނުރުހުމުގެ އެއްވެސް އަސަރެއް ފާޅެއްނުވިއެވެ.

“މިހާރު ކައިވެނި ހަފުލާ ނިމުނީއެއްނު. ދެން އަހަރުމެން މިތަނުގައި ތިބުމުގެ ބޭނުމެއްނެތް… އަހަރުމެން އައީ ކޮންމެހެން އެ އަންހެންމީހާ ތަހުސީނަށް ވިހެއި ދަރި ބަލާކަށްނޫން” އެނދުގައި އިށީނދެގެން އިން ޒާހިރާ ތެދުވިއެވެ. ހަމަ އެވަގުތު އަބްދުއްސައްތާރުގެ އަޑު ތަންކޮޅެއް ބާރަށް އިވިގެން ދިޔައެވެ.

“ޒާހިރާ! މިތާކު އެއްވެސް މީހަކު ނުބުނެއޭ ތަހުސީނުގެ ދަރިއަކު ހުރިކަން ޒާހިރާ ޤަބޫލުކުރަންޖެހޭނެއެކޭ. ޒާހިރާގެ ޚިޔާލެއް އެކަމުގައި ތަހުސީނު ހޯދިތަ؟ ބަލަ އެއީ އޭނާގެ ދަރިއެކޭ… ފުރަތަމަ ދުވަހު ވެސް އޭނާ އަހަރުމެން ގާތުގައި އެ ވާހަކަ ނުބުނޭތަ؟ ތަހުސީނު! ބައްޕައަށް މާފުކުރޭ… މީ ތަހުސީނުގެ ދަރިފުޅުކަމަށްވަންޏާ ބައްޕަ ބުނަން އޮތީ އެ ދަރިފުޅާ މެދު ހެޔޮކޮށް ހިތައްޗޭ. ބައްޕައަށް ކުރިން ނުވިސްނުނީ… އެދުވަހު ދަރިފުޅުގެ ކައިވެންޏަށް އެއްބާރުލުން ދެވުނުނަމައޭ މިހާރު ހިތަށްއަރާ… އެކަމަކު ނަމައަކުން ވާނޭ ކަމެއް ނޯންނާނެތާ… ރޭޝްމާއާ ދެ ކުދިން ރަނގަޅަށް ގުޅިގެން ތި ކައިވެނީގެ މަތީ ދެމި ތިބެވޭތޯ މަސައްކަތްކުރާތި. ބައްޕަގެ ހިތުގައި ތި ކުދިންގެ މައްޗަށް އެއްވެސް ބުރަކަމެއްނެތް. ރޭޝްމާ ވެސް އަދި ތަހުސީނުގެ މި ދަރިފުޅު ވެސް ވާނެ ބައްޕަމެންގެއަށް ގެންނަން…. ތަހުސީނުގެ ދަރިއަކީ މި ބައްޕައަށް ކާފަ ކިޔާނޭ ކުއްޖަކަށް ޔަޤީނުން ވެސް ވާނީ…” އަބްދުއްސައްތާރު އައިސް އޯގާތެރި ހިނިތުންވުމެއް ޒޫރިންއާ ބަދަލުކޮށްލަމުން ޒޫރިންގެ ބޮލުގައި ފިރުމާލިއެވެ. އަދި ތަހުސީނުގެ ކޮނޑުގައި ހިފަހައްޓާލިއެވެ.

އެތައް ޒަމާނަކަށްފަހު ތަހުސީނުގެ މޭގައި ހުއްޓިފައި ހުރި ހިތަށް ތާޒާ ލޭ ލިބި ހިނގަންފެށި ކަހަލައެވެ. ސިކުނޑީގެ ހައިޖާނުގައި ފުސްވެފައިވާ މަންޒިލު ސާފުވެ ހަޔާތުގެ ހަރީފުކަން ފިލާ ޖަންނަތުގެ މީރުކަން އިހުސާސްކުރެވިގެން ދިޔައެވެ. މައިންބަފައިންނަށް ޓަކައި ހިތުގައި އޮތް ލޯތްބާއި ޤަދަރު އިތުރުވިއެވެ. އަވަސްއަވަހަށް ލޯބިވާ ބައްޕައަށް ތަހުސީނުގެ ހިތުގެ އަޑިން ޝުކުރުވެރިވިއެވެ. އޭނާގެ ގާތަށް މީޒާ އައިސް ހުއްޓިލީ ރޭޝްމާގެ ކުރިމަތީއެވެ.

“ނަސީބުވެރިއަކީ ތަހުސީނު… ރޭޝްމާ ކަހަލަ އަނތްބަކު ތަހުސީނަށް ލިބުނީމާ، މިހާ ދުވަހު ދަރިފުޅު ބަލާދިން އަންހެނަކު ތަހުސީނު ދުލެއް ނުކުރާނެ އިނގޭ…” ހިނިތުންވެލައިގެން ހުރެ މީޒާ ބުނެލިއެވެ. އެވަގުތު މީޒާގެ ވާހަކައާ އެއްބަސްވެލީ ތަހުސީނުގެ ބުރަކަށީގައި މަޑުމަޑުން ޖަހާލި ޠާރީގެވެ. އޭރު ވެސް ޒާހިރާ ހުރީ މޫނު ހަދައިގެން ހަޝަމް ބަދެލައިގެންނެވެ.

“މީ ޠާރިގުބެ، މީޒާއާންޓީ އިނގޭ މީ… އެނގޭ ދެން މިހެން ކިޔާ ދިނަސް ކޮންބައެއްކަން މިހާރު އެނގިފަކަން އޮންނާނީ” މީޒާ ބުނެލިއެވެ.

އުފާވާން ޖެހިލުންވެލައިގެން ހުރި ޒޫރިންގެ ތުންފަތުގައިވާ ހިނިތުންވުމަކީ ގަދަކަމުން އެ ތުންފަތަށް ވެރިކުރުވައިގެން ހުރި ހިނިތުންވުމެކެވެ. ބައްޕައަކު ލިބުމާއި ޢާއިލާގެ އެހެން މެންބަރުން ޒޫރިން ބަލައިގަތުމުން ލިބުނު އުފުލަށްވުރެ ތިމާގެ ހާލުގެ ވާހަކަ އެމީހުންނަށް އިވުމުން ދެން ވާނޭ ގޮތަކާއި މެދު ޒޫރިން ހުރީ މާ ބޮޑަށް ފިކުރުބޮޑުވެ ކަންބޮޑުވެފައެވެ. ހިތްބިރުގެންފައެވެ. މިހާރު އެމީހުންގެ މޫނުމަތިން އެ ފެންނަ ހިތްހެޔޮކަމާއި އޯގާތެރިކަން ވަގުތުން ފިލައިގެން ދާނޭކަން ޒޫރިންގެ ޟަމީރު ވެސް ހަނދާންކޮށްދެމުން ދިޔައެވެ.

“ތިހާވަރުން ކަލޭމެން އޭނާއާ ހެދި ތިއުޅެނީ މޮޔަވެގެންތަ؟ ޅަދަރިއަކު އަތަށް ލައިގެން އުޅޭ އިރު އޭނާގެ ފިރިމީހާ ކޮބާތޯ ސުވާލުކޮށްބަލަ؟ އޭނާގެ މަންމަ ގޮތަށް ރަށްމެދަށް ނޫންކަމެއް ވެސް ނޭނގޭ ވިހެއި…”

“ހުއްޓާލާ މަންމާ… އަހަރެންގެ ދަރިފުޅު ކޮންމެ ގޮތަކަށް އުޅުނަސް އެކަމާ ބެހޭނީ އަހަރެން… މަންމައެއްނޫން. މީހުންނަށް ތިވަރަށް ނަފުރަތު ކުރާކަށްނުވާނެ. މަންމަ ވެސް ހެއްދެވި ކަލާނގެ އޭނާ ވެސް ހެއްދެވީ… ތިހާ ނަފުރަތުކުރަނިކޮށެއްނޫންތަ އެކަލާނގެ މިހުރިހާ ކަމެއް މިގޮތަށްވާން މިންވަރުކުރެއްވީ ވެސް…” ތަހުސީނު ނުރުހިފައި ނިކަން ބާރަށް ހަޅޭލަވައިގަތެވެ.

ޒޫރިންގެ ހާލު ތަހުސީނާއި ރޭޝްމާއަށް ވިސްނުނީ ކަހަލައެވެ. ތަހުސީނު ސުވާލުކުރުމެއްނެތި ޒޫރިން ކޮޓަރިއަށް ފޮނުވާލީ ރޭޝްމާ އެކަމަށް އެދުނީމައެވެ. ޒާހިރާގެ ފަރާތުން ފެންނަމުން ދިޔަ ނުރުހުމާއެކު އަބްދުއްސައްތާރު ނިންމީ އެނބުރި ގެއަށް ދާށެވެ. އެމީހުންނާއެކު ޠާރިގު ވެސް ގެއަށް ދިއުމަށް ނިންމިއެވެ. އެހެންވެ ޢާއިލާގެ އެންމެންނާއެކު ތަހުސީނާއި ރޭޝްމާ ދޮރޯށި ދޮށަށް ނުކުތީ ވެސް އަބްދުއްސައްތާރުގެ ފަރާތުން ފެނުނު ހިތްހެޔޮކަމާއި އިޙުތިރާމާއި އޯގާތެރިކަމުގެ ސަބަބުންނެވެ.

ރޭޝްމާއަށްވުރެ ވެސް ކުރިން ތަހުސީނު އަވަސްވެގަތީ ޒޫރިންގެ ހާލު ބެލުމަށެވެ. ޒާހިރާގެ ބަސްތަކުން ޒޫރިންގެ ހިތަށް ތަދުވާނޭކަން ތަހުސީނަށް ޔަޤީންވަނީއެވެ. ޒޫރިންގެ ކޮޓަރީގެ ދޮރު ކައިރިކޮށްލާފައި ހުރުމުން ޓަކިޖަހާލާފައި އިރުކޮޅަކު ތަހުސީނު މަޑުކޮށްލިއެވެ. ޒޫރިންގެ ފަރާތުން ޚަބަރެއް ނުވުމުން މަޑުމަޑުން ދޮރުހުޅުވާލިއެވެ. ޒޫރިންގެ އެނދުގައި ކުޑަދަރިފުޅު ނިދިފައި އޮތެވެ. ފާޚާނާގައި ޒޫރިން އުޅޭތީ އޭނާ ނުކުންނަންދެން ތަހުސީނު އެނދުގައި އިށީނދެލައިގެން އިނެވެ. މިހެން އިންއިރު އޭނާއަށް ހަމަ ބެލެނީ ނިދިފައި އޮތް ކުއްޖާއަށެވެ. އެ މޫނުން އޭނާ ހޯދަމުން ދިޔައީ އެ ދަރިފުޅުގެ ބައްޕައެވެ. ޒޫރިންއާ ވައްތަރުކަމަށް ރޭޝްމާ ބުނަނީ އޭނާގެ ހިތްހިމަޖައްސާލުމަށްކަން ތަހުސީނަށް ހީވާތީއެވެ.

އީތަންގެ ޚިޔާލުގައި ތަހުސީނު އިންދާ ފާޚާނާގެ ދޮރުހުޅުވާލި އަޑާއެކު ތަހުސީނު އެ ދިމާއަށް ބަލާލިއެވެ. އޭރު ޒޫރިން ފާޚާނާއިން ނުކުންނަނީއެވެ. އެ ކޮޓަރިއަށް ރޭޝްމާ ވެސް އޭރު އަތުވެއްޖެއެވެ. ޒޫރިން ފެނުމުން ތަހުސީނު ކޮޅަށް ތެދުވިއެވެ.

“މާމަ އެހެން ބުނީމަ ވަރަށް ދެރަވި ދޯ” ތަހުސީނު ލޯބިން އަހާލިއެވެ. އެހެންނަމަވެސް އިސްޖަހާލި ޒޫރިން އެއްވެސް ޖަވާބެއް ނުދިނެވެ.

“އެކި މީހުންގެ ޚިޔާލު ތަފާތުވާނެކަން އަހަރުމެން ވިސްނަންވާނެ. މަންމައަށް އެނގޭ މިހާރު ރީންއަށް ހުރިހާ ކަމެއް އެނގޭނެކަން. ކައިވެނިން ބޭރުގައި ދަރިން ލިބުމަކީ އިސްލާމީ މުޖުތަމަޢެއްގައި އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ޢަމަލެއްނޫން. ފާފައަށް ތަޢުބާވި ނަމަވެސް މީހުން ދެކޭ ގޮތް ބަދަލެއް ނުވާނެ… ރީން ޖެހޭނެ ވަރަށް ކެތްތެރިވާން. ނަފްސުގެ އިމާންތެރިކަން ވަރުގަދަވީ ވަރަކުން ތިމާގެ އަޤީދާ ވަރުގަދަވާނެ… ދަރިފުޅުގެ ޢާއިލާ މިހާރު ދަރިފުޅަށް ތި ފެންނަނީ… މަންމަމެން އަބަދު ވެސް ދަރިފުޅަށް އެހީވާނަން. ދަރިފުޅު ދެކެ ލޯބިވާނަން… ދުވަހަކު ވެސް އިރާދަކުރެއްވިއްޔާ އެކަނިވާކަށް ނުޖެހޭނެ” ޒޫރިންގެ ކަނާއަތް ފަރާތުގައި ތަހުސީނު އިށީދެގެން އިންއިރު އޭނާގެ ވައަތް ފަރާތުގައި ރޭޝްމާ އިނދެ އޯގާތެރިކަމާއެކު ވާހަކަދެއްކިއެވެ.

“މީހުންގެ ވިސްނުން ބަދަލެއް ނުކުރެވޭނެކަން އެނގޭ… އެކަމަކު… މަންމާ… ޝަމްޢާން ތުއްތުކުއްޖެއްގެ ގޮތުގައި އަބަދަކު ނުހުންނާނެ. އޭނަ ބޮޑުވަމުން އަންނައިރު މީހުން އެ ދަރިފުޅާ ދިމާއަށް އެއްޗެހި ކިޔާނެ. އަޅުގަނޑާ ދިމާއަށް ކޮންމެ މީހަކު ކޮންމެ އެއްޗެކޭ ބުންޏަށް އެކަމަށް ކެތްކޮށްލައިގެން ހުރެދާނަން. އެކަމަކު އެ ދަރިފުޅާ ދިމާއަށް މީހަކު އެ ފަދަ އެއްޗެއް ބުނާ އަޑު އެހުމަކީ ކެތްކުރެވޭނޭވަރު ކަމަކަށް ނުވާނެ… އެ ދަރިފުޅުގެ ކުށަކީ ކޮބާ؟… އެ ދަރިފުޅުގެ ސުވާލުތަކަށް ދޭނީ ކޮން ޖަވާބެއް؟…” ޚިޔާލުތަކުގެ ވަރުބަލިކަމާއެކު ޒޫރިން ރޭޝްމާގެ ކޮނޑުގައި ބޯއަޅާލިއެވެ. އެހިނދު އޭނާގެ އަތްތިލައިގައި ތަހުސީނު ހިފައި ފިރުމާލިއެވެ.

“ދަރިއަކު ގެންގުޅޭނެ ގޮތުގެ ތަޖުރިބާ ބައްޕައަށް ލިބިފައެއްނުވޭ. އެކަމަކު ބައްޕައެއްނެތްކަމުގެ ކުޑަ ވެސް އިހުސާސެއް ޝަމްޢާނަށް ވިޔަކަ ބައްޕަ ނުދޭނަން. އެ ކުއްޖާގެ ބައްޕައަކީ ވެސް ކާފައަކީ ވެސް ދަރިފުޅުގެ މި ބައްޕަ. ދުވަސްކޮޅަކު ސުވާލުކޮށްފާނެ… އެކަމަކު ޝަމްޢާނަށް ވިސްނެންފެށީމާ އެ ކުއްޖާއަށް ޤަބޫލުކުރެވޭނެ ރީންގެ މުޖުބޫރީ ހާލަތު…. ދެރަނުވޭ ރީން… ﷲ ދަރިފުޅަށް ދެރަގޮތެއް މިންވަރެއް ނުކުރައްވާނެ. އުންމީދު ދޫކޮށްނުލާތި… ނޭނގި ހުއްޓާ އިންސާނާގެ ހާލަތު ބަދަލުކޮށްލުމަކީ އެކަލާނގެއަށް ދާދި ފަސޭހަކަމެއް. އުންމީދު ވެސް ނުކުރާ އުފާވެރިކަމަކުން ދަރިފުޅުގެ ފަސްބައިގައި ތިވާ ލައްގަނޑު ފޮރުވާލަދީފާނެ… މި ހިތުގެ އަބަދުމެ ދުޢާއަކީ އެއީ… މި ހުރިހާ ހިތާމަތަކެއް ހަނދާންނެތޭވަރަށް ދަރިފުޅުގެ ހަޔާތަށް އުފާވެރިކަމާއި ހިތްހަމަޖެހުމުގެ ހިޔާއެޅިގެން ދިއުން”

ތަހުސިނާއި ރޭޝްމާގެ ވާހަކަތަކުން ޒޫރިންއަށް ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ލިބުނެވެ. ނަމަވެސް އޭނާގެ ޚިޔާލާތުން ބޭރަށް އީތަންގެ ސޫރައެއް ނުދިޔައެވެ. ތަހުސީނާއި ރޭޝްމާ އެ ކޮޓަރިން ނުކުމެގެން ދިއުމުން އެނދުގައި އޮތް ދަރިފުޅުގެ ގާތުގައި އަރިއަކަށް ހަށިގަނޑު ދަމާލައިގެން ކުރު އަތްމައްޗަށް ޒޫރިން އޮށޯތެވެ. އަދި ނިދިފައި އޮތް ދަރިފުޅުގެ ކުޑަކުޑަ އަތްތިލައި ހިފާލައިގެން އޮވެ އެ މޫނަށް ބަލަމުން ޒޫރިން ދިޔައެވެ.  އެ ދަރިފުޅު ފެންނަ ކޮންމެ ފަހަރަކު އޭނާ އީތަންގެ މަތިން ހަނދާންވެއެވެ. ކިތަންމެ ފަހަރަކު އެ ދަރިފުޅުގެ ފޮޓޯއެއް ނަގައި ފޯނުން ވައިބަރ މެދުވެރިކޮށް އީތަންއަށް ފޮނުވާލަން ޒޫރިންގެ ހިތަށް އަރައެވެ. ދަރިފުޅު ފެނުމުން ވެސް ފަހަރެއްގައި އީތަންގެ ޚިޔާލަށް ބަދަލުތަކެއް އަތުވެދާނޭ ޒޫރިން ހިތަށް އަރާތީއެވެ. އަދި ޒޫރިންގެ ހާލު ދުށުމަށް އޭނާ އައިސްދާނެޔޭ ހިތް ބުނާތީއެވެ. އެހެންނަމަވެސް އެވަރުގެ ހިތްވަރެއް ޒޫރިންއަކަށް ނުލިބުނެވެ. ދެ ލޯ މަރާ ބާރުކޮށްލާފައި ބޭރުކޮށްލާ ފުންނޭވާއިން އޭނާގެ އިހުސާސްތައް ހިފަހައްޓަމުން ދިޔައެވެ. އީތަންއަށް ޒޫރިންގެ ލޯތްބަކީ ކަނޑުގައި އަޅާލި ރޮނގެއްކަން ޚުދު ޒޫރިންއަށް އެނގޭއިރު ވެސް އިންތިޒާރު ކުރެވެނީ ކޮންކަމަކަށްކަން ޒޫރިންއަކަށް ނޭނގެއެވެ.

ޚިޔާލުތަކުގެ ދާވަނިން ސޮހެމުން ދިޔަ ޒޫރިންގެ ލޮލުން ކަރުނަ ނިރާލިއެވެ. އީތަން އާއި ޖަޒްލާގެ ޚިޔާލުތައް ތޫނު ކަނޑީގެ މިއަހެން ޒޫރިންގެ ހިތް ފޮތިފޮތި ކުރަމުން ދިޔައެވެ. ލޮލަށް ނުފެންނަ ޒަހަމްތަކަކުން ލޭ އޮހެރެމުން ދިޔައެވެ. އެ ލޭކޯރުގައި ގެބިގެން ނުދިޔުމަށް ލީ ކޮންމެ ހިތްވަރެއްވީ ބޭކާރެވެ. ވިސްނުން ނުގެންދަންވީ ހިސާބަށް ސިކުނޑި އަތްގަދަ ކުރަމުން ދިޔައިރު ހަޤީޤަތެއްނެތް މަންޒަރުތައް ލޯ ކުރިމަތީ ސިފަވާންފެށީއެވެ. ބޭއިޚްތިޔާރުގައި ތެދުވެގެން އައިސް ލޯގަނޑު ކުރިމަތީ ޒޫރިންއަށް ހުއްޓިލެވުނެވެ. ކަރުނުން ފުރިފައިވާ ބޮޑު ދެ ލޮލުން ބޮލުން ފެށިގެން ފައިގެ ނިވާ ބޮޑިއާއި ހަމައަށް ލޯގަނޑުން ބަލައިލިއެވެ. ޚުދު ޒޫރިންނަށް ވެސް އެ ލޯގަނޑުން ފެންނަ ސޫރަ ދެނެގަންނާކަށް ނޭނގުނެވެ. އީތަންގެ ލޯބީގެ ގުލްޝަނުގައި ފަރިވެލި ނަލަނަލަ ތާޒާ ޒޫރިންގެ ސިފަ ގެއްލިއްޖެއެވެ. ކަރުނުން ފުރި ބަންޑުންވަމުން ދިޔަ ނަމަވެސް އެ ދެ ލޯ ބަދަލެއްނުވެއެވެ. އެއީ ހަމަ އެ ދެ ލޮލެވެ. މާޒީގެ ފުސްކަމުގެ ތެރެއިން އެތައް މަންޒަރުތަކެއް ޒޫރިންއަށް ފެންނަމުންދިޔައެވެ. އީތަން ވަސްގަންނާނޭހެން ހީވާ ހަށިގަނޑުގެ ކޮންމެ ދިމާއަކަށް އޭނާއަށް އެންމެ ކަމުދާ ސެންޓުން ހުވަނދުލިއެވެ. ތާޒާކަމާއި ހިތްދަމައިގަންނަ ލާނެތް ހުނުންތަކުގެ އަޑު ޒޫރިންގެ ކަންފަތުގައި ގުގުމާލިއެވެ. ކުއްލިއަކަށް ލޯގަނޑުގައި ވައަތްތިލަ ޖައްސާލުމާއެކު އަމިއްލަ މޫނު އެ ދެ ލޮލަށް ފޮރުވާލިއެވެ. ގިސްލެވުމުގެ އަޑާއެކު މަޑުމަޑުން ޒޫރިންއަށް ތިރިވެވިއްޖެއެވެ. ހަށިގަނޑުގެ ބުރަ ކަނާތުގެ މައްޗަށް ދޫކޮށްލުމާއެކު އަނެއްއަތުން މޭގައި އަޅައި އޮބައިގަތެވެ.

“ތި އަތުން މި ހަށިގަނޑު ފިޔަވައި އެހެން ހަށިގަނޑެއްގައި އަތްލަނީތަ؟” ކުރިމަތީގައި މީހަކު ހުރި ފަދައިން ޒޫރިން ސުވާލުކުރިއެވެ. ގިސްލުމުގެ ތެރެއިން ބޭރުވެގެން ދިޔަ އެ އަޑުގައިވާ ވޭނީ އަސަރުން ހިތްތައް ފޫއަޅުވައިލާހާ ވެއެވެ.

* * * *

ކައިވެންޏަކީ ލޯބީގެ ބިންގަލެވެ. ޢިޝްޤުގެ ޢިމާރާތް ބިނާކުރުމުގެ އަޞްލެވެ. ވަގުތު ހޭދަވަމުން ދިޔަ ވަރަކަށް އެ ޢިމާރާޓް އުސްވަމުން ފުޅާވަމުން ދެއެވެ. އުފާވެރިކަމާއި ޞުލްޙަވެރިކަމާއެކު ތަހުސީނާއި ރޭޝްމާގެ ކައިވެންޏަށް ފުރިހަމަ އެއްމަސްފުރިއްޖެއެވެ. އެ ދެމެދުގައި އޮތް ލޯބީގެ ގުލްޝަން އާރޯވެ ގަދައަށް ހެދެމުންދެއެވެ. ދުނިޔޭގެ އެންމެ އުފާވެރި ފިރިހެނާކަމުގައި ރޭޝްމާ، ތަހުސީނު ހަދައިދީފިކަން ޚުދު ތަހުސީނު އަމިއްލައަށް ޤަބޫލުކުރެއެވެ. މިއަދު އޭނާއަށް އުނިވާ އެއްވެސް ކަމެއް ނެތެވެ. މިހާރު ރޭޝްމާއަކީ ހުރިހާ އަންހެނުންގެ ތެރެއިން ވެސް ހޮވާލެވޭނޭ އަންހެނެކެވެ. ރީތި އޯގާތެރި އުޅުންހުރި ދީންވެރި އަންހެނެކެވެ. ނަމަވެސް މިހުރިހާ ކަމަކަށް ތަހުސީނު ނުހަނު އުފާވެފައި ހުއްޓެއްކަމަކު ހިތުގެ ހަމަޖެހުން ގެއްލޭ އެއްކަންތައް އަދިވެސް އެބައޮތެވެ. އޭނާގެ ދަރިފުޅު ޒޫރިންގެ ހާލާ މެދުއެވެ. ޝަރުޢީ އިދާރާއަކުން އެއްވެސް އެންގުމެއް މިހާތަނަށް ލިބިފައި ނުވާތީ ތަހުސީނު ނިންމީ ޒޫރިން ގޮވައިގެން އޭނާ ބޭނުންވާ ގޮތަށް ރާއްޖޭން ބޭރަށް ފުރުމުގެ ކަންކަން ހަމަޖެއްސުމަށެވެ. ރޭޝްމާގެ ފިކުރު ވެސް ހުރީ ތަހުސީނާ އެއްގޮތަކަށެވެ. ފުރުމަށް ޓަކައި ދުވަހެއް ކަނޑައަޅައި ވާންހުރި ހުރިހާ ތައްޔާރީއެއްވެ ނިންމިއެވެ. އަމިއްލަ ފަސްގަނޑު ދޫކޮށްލާފައި ޒޫރިން ދާން ބޭނުންވަނީ އީތަންއާ ދުވަހަކު ވެސް ބައްދަލުވާން ނޭދޭތީއެވެ. އެހެންމީހެއްގެ ހައްޤެއްގެ ގޮތުގައި އީތަން ހުއްޓާ ފެނުމަކީ ޒޫރިންގެ ނަފްސު ފުނޑުފުނޑުވެގެން ދާނޭވަރު ކަމެކެވެ. އެހެންވެއްޖެނަމަ ދުވަހަކު ވެސް އެހިތުގައި ލީ ފާރުގަނޑު ފަސޭހައެއްނުވާނެއެވެ.

މެންދުރު ކައިގެން ނުކުމެ ސޯފާގައި ޓީވީއިން ދައްކަމުން ދިޔަ ދޭއްގެ ޚަބަރު ބަލަން ތަހުސީނު އިނެވެ. ބޭރު ދޮރޯށީގައި ހަރުކޮށްފައި ހުރި ރަނގަބީލު އަޅަން ފެށި އަޑުއިވުނީ އެހެން އިންދައެވެ. އޭނާގެ ގާތުގައި އިން ރޭޝްމާ ތެދުވެގެން ދޮރޯށި ހުޅުވުމަށް ދިޔައީ ކާކު އައީބާއޭ ކިޔައި ތަހުސީނާ ސުވާލުކުރަމުންނެވެ. އެކަމަށް މާބޮޑު ސަމާލުކަމެއް ނުދީ އިން ތަހުސީނުގެ ނަޒަރު ޓީވީއާ ވަކިކޮށްލީ ދޮރޯށި ދޮށަށް ދިޔަ ރޭޝްމާ ނައިސް މާގިނައިރު ވާތީއެވެ.

“ރޭޝް… ކާކުތަ އައީ؟” ސިޓިންރޫމު ދޮރުމަތީ ރޭޝްމާ ފެންނަން ނެތުމުން ތަހުސީނު ގޮވާލިއެވެ. އެއާއެކު ދެން ފެނުނީ މަޑުމަޑުން އައިސް ރޭޝްމާ ސިޓިންރޫމަށް ވަންތަނެވެ. އާދަޔާ ޚިލާފު ހިމޭންކަމެއް އޭނާއަށް ވެރިވެފައި ހުއްޓެވެ. އަތުގައި އޮތް ކަރުދާސްކޮޅަށް ބަލާލާފައި ތަހުސީނަށް ބަލަމުންދިޔައެވެ. ރޭޝްމާ އައިސް ތަހުސީނުގެ ގާތުގައި އިށީނދެ އަތުގައި އޮތް ކަރުދާސްކޮޅު ތަހުސީނަށް ދިއްކޮށްލިއެވެ.

“ކޯޓަށް ދާން…” އަތުގައި އޮތް ކަރުދާސްކޮޅު ހިތާހިތުން ކިޔާލުމަށްފަހު ތަހުސީނަށް ބުނެލެވުނެވެ. އަދި ހިމޭންވެފައި އިން ރޭޝްމާއާ އަނެއްކާ ވެސް ވާހަކަދައްކަން ފެށިއެވެ.

“ރޭޝް… ކަންބޮޑުނުވޭ. މިހެން މިކަން ވާނޭކަން އަހަރުމެންނަށް އެނގެއެއްނު. އަނެއްކާ މިކަން ނިމުނީމާ ރީންއަށް އެއްކޮށް މިނިވަންވެވޭނީ… އޭރުން އެންމެ ފުރިހަމަ ގޮތުގައި ތަޢުބާވެވުނީ”

“މި ޗިޓު ދެން ނާންނާނޭކަމަށް ހީކުރީ. ތަހުސީނު! އަހަރެން ވަރަށް ބިރުގަނޭ. ރީންއަށް ވަރަށް ތަދުވާނެ… އެތައް ބައިވެރި މީހުންނެއް ތިބޭނެ… އެ ހުރިހާ ކަމަކަށް ކެތެއްނުކުރެވޭނެ. އެ ދަރިފުޅު މޮޔަވެދާނެ…”

“މައްސަލައެއް ނުބަލައެއް ނޯންނާނެއެއްނު. އަހަރުމެން ފުރުމުގެ ކުރިން ޗިޓު އައިކަން އެއީ ނަސީބެއް. އޭރުން ރީންގެ ހުރިހާ ރިހުމަކާއި ވޭނެއް މި ފަސްގަނޑަށް ދޫކޮށްލާފައި އައު ދިރިއުޅުމަކައިގެން ބަދަލުވެވޭނެ. ނޫންތަ؟ ….އަސްލު ރޭޝް ހީކުރާވަރަށްވުރެ އަހަރުމެންގެ ރީން މާ ހިތްވަރު ގަދަ ވާނެ. އެކަމަކު އަހަރުމެން އެ ހިތްވަރު އޭނާއަށް ދޭން އެބަޖެހޭ. އެއްގޮތަކަށް ވެސް ރޭޝް ފިނޑިވެގެން ނުވާނެ. އެ ވަގުތަކީ ދުނިޔޭގެ ހުރިހާ އެންމެންގެ ކުރިމަތީގައި ދަރިފުޅަށް ސާބިތުކަން ދޭންވާނޭ ވަގުތު. އެއީ ވަރަށް ބޮޑު އިމްތިހާނެއް… މިއަދާ ހަމައަށް ވެސް ރޭޝް އެންމެ ހިނދުކޮޅަކަށް ވެސް ރީން އެކަނި ދޫކޮށެއް ނުލަމެއްނު…” ހާސްވެ ކަންބޮޑުވެފައި އިން ރޭޝްމާއަށް މަޑުމައިތިރިކަމާއި ލޯތްބާއިއެކު ތަހުސީނު ވިސްނައިދިނެވެ.

ޒިނޭގެ މައްސަލައިގައި ޒޫރިން ކޯޓަށް ދާންޖެހޭކަން އެނގުނު ވަގުތު އޭނާގެ ހިތް ހުއްޓުނު ކަހަލައެވެ. އެހެންވިޔަސް އެއީ އޭނާއަށް ދެކޮޅު ހެދޭނޭވަރު ކަމެއްނޫނެވެ. ކުރިން ވެސް ރޭޝްމާ އޮތީ ޒޫރިންއަށް ހަނދާންކޮށްދީފައެވެ. ޒީނޭގެ ކުށް އަންހެނާގެ މައްޗަށް ސާބިތުވާނޭކަމާއި އޭގެ އަދަބުގެ ގޮތުގައި ހައްދުޖަހާނޭކަން ރޭޝްމާ ބުނެދިނެވެ. ކިތަންމެ ވަރަކަށް ނަފްސު އެކަމަށް ތައްޔާރު ކުރި ނަމަވެސް ޒޫރިންގެ ހިތުގައި ބިރުވެރިކަމުގެ ރާޅުޖަހާލިއެވެ. އެހިނދު ދުލުން ބަސްކިޔުމުގެ ކުޅަދާނަކަން ގެއްލިގެން ދިޔަ ކަހަލައެވެ. ދުނިޔޭގެ ހުރިހާ ކަމަކުން އޭނާ އެއްކިބާވެފައި ވާ ކަހަލައެވެ. ކުޑަދިރުފުޅުގެ ރުއިމުގެ އަޑު ވެސް އެވަގުތު ޒޫރިންއަށް ނުއިވުނެވެ.

“ރީން… ދަރިފުޅާ… ރީން…” ރޮމުންދިޔަ ޝަމްޢާނު ނަގާ އުރާލައިގެން އެކުއްޖާ މަސަލަސްކުރަމުން ޒޫރިންއަށް ރޭޝްމާ ގޮވާލީ އިންތިހާއަށް ކަންބޮޑުވެފައި ހުރެއެވެ.

ހާސްވެފައި ހުރެ ޝަމްޢާނު އުރާލައިގެން ރޭޝްމާ އައިސް އޭނާގެ ކޮޓަރިއަށް ވަދެ ތަހުސީނަށް ގޮވިއެވެ. ޒޫރިން އަނގައިން ނުބުނުމުން އޭނާއަށް ކަމެއްވެއްޖެކަމުގައި ތަހުސީނުގެ ގާތުގައި ރޭޝްމާ ބުނެލީ ނުހަނު ކަންބޮޑުވެފައި ހުރެއެވެ. އެއާއެކު ތަހުސީނު ނިކަން އަވަހަށް އައިސް ޒޫރިންގެ ކޮޓަރިއަށް ވަނެވެ. އޭރު ހިލައިގެ ބުދެއްހެން އެނދުގައި އިށީދެގެން ޒޫރިން އިނެވެ.

“ރީން… ދަރިފުޅާ… ބަލާބަލަ މިކޮޅަށް…” ހާސްވެފައި ހުރި ތަހުސީނު ވާހަކަދައްކަމުން ޒޫރިންގެ ކުރިމަތީ ހުރެ އޭނާގެ މޫނުގައި ދެއަތުން ހިފައި ތަހުސީނާ ދިމާއަށް އުފުލާލިއެވެ. އެއްވެސް އަސަރެއް ޒޫރިންގެ މޫނުމައްޗަކުން ނުފެނުނެވެ. އެންމެ ކުޑަމިނުން ނަޒަރު ސީދާކޮށްލުމަށް ޒޫރިންގެ ކަޅި ވެސް ހިންގާނުލިއެވެ. ޝޮކެއްޖެހި އެކަމުގައި ގަބުވެފައި އިން ކަހަލައެވެ.

“ބަލަ ރީން! އަނގައިން ބުނެބަލަ…” ތަހުސީނުގެ ވާހަކައަށް ޒޫރިންގެ ފަރާތުން އެއްވެސް އިޝާރާތެއްނުވުމުން ދަރިފުޅުގެ ގައިގާ ހިފައި ތަޅުވައިގަތެވެ. ހަމަ އެހިނދު ބަލަން ނުހުރެ އެނދުގެ އަރިމަތީ ކަބަޑުމަތީގައި ހުރި ފެންޖަގުން ފެންތަށްޓެއް އަޅާލުމާއެކު ތަހުސީނު އައިސް އެ ފެންތަށިން އަތަށް އަޅާލި ފެންފޮދު ޒޫރިންގެ މޫނުގައި ހާކާލިއެވެ. އެވަގުތު ޒޫރިން ދެ ލޯ މަރާލިއެވެ. އެ ކުޑަކުޑަ ހަރަކާތް ވެސް ތަހުސީނުގެ ހިތަށް ހަމަޖެހުން ގެނެސްދިނެވެ. އަވަހަށް ފެންތަށި ޒޫރިންގެ ތުނބުގައި ޖައްސާލާފާއި އެ ބޯން ދިނުމަށް ތަހުސީނު އުޅުނެވެ.

އެތައް އިރަކު ތަހުސީނު މަސައްކަތް ކުރިފަހުން ޒޫރިން ވާހަކަދެއްކިއެވެ. އޭނާގެ ފުރަތަމަ ސުވާލަކަށް ވެސް ވީ ހައްދު ޖެހުމަކީ ވޭން ހުރި ކަމެއްތޯއެވެ. އަދި ހައްދު ޖަހަނީ ކިހިނެއްކަމެވެ. އެވަގުތު ތަހުސީނު ދަރިފުޅު ގެނެސް ގަޔާ ކައިރިކޮށްލިއެވެ. އޭނާއަށް އެނގިފައިވާ މިންވަރުން ޒޫރިންއަށް ކަންކަން އޮޅުން ފިލުވައިދޭން ފެށިއެވެ. ހިތަށް ކޮށްފައިވާ އަސަރަކާއެކު ވެސް ޒޫރިންއަށް ހަޤީޤަތް އޮޅުން ފިލުވައިދޭން ތަހުސީން ބޭނުންވީއެވެ. ހަމައެއާއެކު ތަހުސީނު އިނީ އީތަންދެކެ އިންތިހާއަށް ފޫހިވެ ރުޅި އައިސްފައެވެ. މިއަދު ޒޫރިންއަށް ކުރިމަތިވަމުން އެދާ ހިތްދަތިކަމާއި ވޭނުގައި ޚިއްޞާވާން ޖެހޭ މީހަކީ އީތަންއެވެ. ނަމަވެސް އޭނާ އެ ވަނީ އަނދިރިކަމުގެ ތެރެއަށް ޒޫރިން ގެނބިގެންދާން ދޫކޮށްލާފައެވެ. މި ހުރިހާ ކަމަކާހުރެ ޒޫރިންއަށް ތަހުސީނު ވިސްނައިދެމުން ދިޔައީ ކޯޓަށް ހާޟިރުކޮށް ދަރިފުޅުގެ ބައްޕައާ މެދު ސުވާލުކުރުމުން އެމީހުންނަށް އެއްވެސް ކަމެއް ސިއްރު ނުކުރުމަށެވެ. އީތަންގެ ވާހަކަތައް ކިޔައިދިނުމަށެވެ. އެ ވާހަކަތައް އަޑުއަހަން ހުރި ރޭޝްމާއަށް ތަހުސީނުގެ ވާހަކަތަކަށް އެއްބާރުލުން ދޭކަށް ނުކެރުނެވެ. ޒޫރިންގެ ވިސްނުން ހުރި ގޮތް މާކުރިން ވެސް ރޭޝްމާއަށް އެނގޭތީއެވެ. އޭރު ތަހުސީނުގެ ވާހަކަތައް އަޑުއަހަން ޒޫރިން އެއްވެސް އެއްޗެއް ނުބުނެ ހިމޭނުން އިނެވެ.

* * * *

ރޭޝްމާ އާއި ތަހުސީނަށް އެހީތެރިކަން ފޯރުކޮށްދެވެން އޮތް ގޮތަކަށް ޒޫރިންއަށް އެހީތެރިވަމުން އޭނާއަށް ހިތްވަރު ދެމުން ދިޔައެވެ. ކޯޓުގެ މަރުހަލާތައް ނިމިގެން ދިޔައީ ޒޫރިންގެ ހިމޭންކަމާއެކުއެވެ. ޤާޟީގެ ހުކުމް އިއްވި ވަގުތު ރޭޝްމާ އާއި ތަހުސީނުގެ ދެ ލޯ ކަރުނުން ތެމިގެން ދިޔައެވެ. ދަރިފުޅުގެ މައްޗަށް ސަތޭކެ އެތިފަހަރުން ހައްދު ޖެހުމާއެކު އެއް އަހަރު ދުވަހުގެ މުއްދަތަށް ގޭގައި ބަންދުކުރުމުގެ ހުކުމް ޒޫރިންގެ މައްޗަށް ތަންފީޒު ކުރަން ފަށާނޭ ދުވަސް ކަނޑައަޅައި ޤާޟީ އިއްވިއެވެ. ހުރިހާ ކަމެއް ނިމެގެން ދިޔައިރު ޒޫރިން ހުރީ އިސްޖަހާލި ގޮތަށެވެ. ދަރިފުޅުގެ ކޮނޑުގައި ހިފަހައްޓާލައިގެން ހުރެ ރޭޝްމާ ކޯޓުން ނުކުތެވެ.

އެރޭގެ އެންމެ ވަގުތުކޮޅަކަށް ވެސް ޒޫރިން ލޮލުފިޔަ ޖެހޭ ގޮތެއް ނުވިއެވެ. ލޯ މެރިލާ ނިދީގެ ތެރެއަށް ވަދެވޭހާއިރަށް މީހާ ސިއްސައިގެން ގޮސް ތެދުވެވެނީ ނުބައި ހުވަފެނެއް ފެނިގެންނެވެ. ހިތާއި ސިކުނޑި ވަނީ ބިރުވެރިކަމެއްގެ ތެރޭގައެވެ. ވީއިރު ޒޫރިންއަށް ހަމަޖެހިލައިގެން ނިދޭނީ ކިހިނެއް ހެއްޔެވެ. އެރޭ ޒޫރިންގެ ހާލާ މެދު ކަންބޮޑުވެފައި އިން ރޭޝްމާ ނިދީ ޒޫރިންގެ ކޮޓަރީގައެވެ. އޭނާއަށް ވެސް ނިދިޖެހުނީ އެތައް އިރަކު ހޭލާ އޮތުމަށްފަހުއެވެ. ޒޫރިންއަށް ހިތްހަމަޖެހުމެއް ލިބިދާނޭ ކަމަށް ޝަމްޢާނު އޮތީ ބޮޑުއެނދުގައި ޒޫރިންގެ ގާތުގައި ބާއްވަފައެވެ. އެ ދަރިފުޅަށް ބަލަހައްޓައިގެން ޒޫރިން އޮތްއިރު އެ ހިތުގައި އީތަންއަށްޓަކައި އެތައް ޝަކުވާއެއް ވިއެވެ.

* * * *

“ކީއްވެ އެއްޗެއް ނުބުނީ…” ފޯނު ކަންފަތުގައި ޖައްސާލައިގެން ކޮޓަރި ތެރޭ ދެކޮޅަށް ހިނގަމުން ދިޔަ ޖަޒްލާގެ މޫނުމަތީގައިވަނީ ހާސްކަމެވެ.

“މާދަމާ އޮފީސް ބްރޭކް ގަޑީގައި ދާނަން. ފިހާރައިގަ ދޯ އުޅޭނީ” ޖަޒްލާގެ ކަންފަތުގައި އީތަންގެ އަޑުޖެހުނެވެ. އަވަސް އަވަހަށް އޭނާ އެއްބަސްވެލިއެވެ.

އީތަންއަށް ގުޅީ ޖަޒްލާއެވެ. އީތަންއާ ބައްދަލުކުރަން ބޭނުންވެގެންނެވެ. ވާހަކަނުދައްކާ އެތައް ދުވަހަކު ތިބުމަށްފަހު ދެ މީހުން ވާހަކަދެއްކި އިރު ހީވެސް ނުކުރާ ވަރުގެ ދުރުކަމެއް ދެމީހުންގެ ދެމެދަށް ވަނީ އައިސްފައެވެ. ހިތަށް އަރާ ފައިބަމުން ދިޔަ ހުރިހާ ވާހަކައެއް ފޯނުން ބުނަން ޖަޒްލާ ހުރީ ޖެހިލުންވެފައެވެ. އީތަންގެ ވާހަކަދެއްކުމުގައި ހުރި ދުރުކަން އޭނާއަށް ވަރަށް ރަނގަޅަށް ނަގައިގަނެވުނެވެ. އެކަމުން ޖަޒްލާގެ ހިތަށް ބަޔާންކުރަން ދަތި ގޮތްތަކެއް ވެގެން ދިޔަކަން ގައިމެވެ. ނަމަވެސް އޭނާގެ މޫނުމައްޗަށް އަރާފައިބާ ކުލަތަކާއި ގެންނަ ކުއްލި ހަރަކާތްތަކެއް ފޯނުގެ އަނެއްކޮޅުން ވާހަކަދައްކަމުން ދިޔަ އީތަންއަށް އެއްގޮތަކަށް ވެސް ނޭނގެއެވެ.

“ބޭރުންތަ ވާހަކަދައްކާނީ. އެކަމަކު ފިހާރަ ދޮށުގައެއްނޫން…” ޖަޒްލާ ބުނެލިއެވެ.

“އެހެންވީރު ޖޭޒް ބޭނުން ތަނެއް ހަމަޖައްސާ، އަހަރެން އެތަނަކަށް ހިނގައިދާނަން، އެކަމަކު ގެއަކަށް ނުދެވޭނެ” އީތަން މިހެން ބުނުމާއެކު ޖަޒްލާ ހަމަޖެއްސީ އާންމުކޮށް އީތަންއާއެކު އެންމެ ގިނައިން ދާ ރެސްޓޯރެންޓުން ދެ މީހުން ބައްދަލުވުމަށެވެ. އަދި އީތަން ބޭނުންވިހެން މެންދުރުގެ ވަގުތަށެވެ.

“އިތުރުވާހަކައެއް ބުނަން ނެތިއްޔާ ދެން ބާއްވަނީ… އޮފީހުގައި މި އިނީ” ޖަޒްލާގެ ފަރާތުން ހިމޭންކަމެއް އައުމާއެކު އީތަން ބުނެލިއެވެ.

ފޯނުކޯލު ކެނޑުމާއެކު ފުންނޭވާއެއް ޖަޒްލާ ލިއެވެ. އަދި އަތުގައި އޮތް މޯބައިލް ފޯނަށް ބަލާލަމުން ތިރީ ތުންފަތުގައި ދަތްއަޅާލިއެވެ. އެ ސިކުނޑީގައި ނޭނގޭ ޚިޔާލުތަކެއް އެނބުރެމުން ދަނީއެވެ. އީތަންއާ ބައްދަލުވުމުން އޭނާއާ ދައްކާނެ ވާހަކައެއް މިހާރުއްސުރެން ޖަޒްލާ ރާވަނީ ކަހަލައެވެ. ވަކިވާން ބޭނުންވެ އެގޮތަށް ކަންތައް ކުރުމަކުން ވަކި ޖަޒްލާގެ ހިތަކަށް ހަމަޖެހުމެއް ނުލިބުނެވެ. އީތަންގެ ހަނދާންތަކާ ދުރަކަށް ވެސް ނުދެވުނެވެ. އަލުން އީތަންއާ ގުޅެން އޭނާ ވިސްނަނީ އެހެންވެއެވެ. ދެ މީހުން ބައްދަލުވެ ވާހަކަދައްކާލަނިކޮށް މިހާރު އެ ދެމެދަށް އައިސްފައިވާ ދުރުކަން ނެތިގެން ހިނގައިދާނޭކަމުގައި ޖަޒްލާއަށް ޤަބޫލުކުރެވެއެވެ. އެ ދެމެދަށް އައިސްފައިވާ ދުރުކަމަކީ ޖަޒްލާގެ ސަބަބުން އައިސްފައިވާ ދުރުކަމެއްކަން ވެސް ޚުދު ޖަޒްލާއަށް ޤަބޫލުކުރެވެއެވެ. އީތަންގެ ޚިޔާލު ހުރި ގޮތެއް އެނގުމުން ލަސްނުކޮށް ހުއްޓިފައިވާ ކައިވެންޏާއިގެން ކުރިއަށް ދިއުމަށް ޖަޒްލާ ބޭނުންވެއެވެ. ނަމަވެސް ޖަޒްލާގެ ހިތަށް ނޭނގޭ އުނދަގޫތަކެއް ވަމުން ދިޔައެވެ. އީތަންގެ ވާހަކަ ހުންނާނޭ ގޮތެއް އެއްގޮތަކަށް ވެސް ނޭނގޭތީއެވެ. އޭނާއަށް އީތަންގެ ގޮތް އެނގޭ ކަމުގައި މީގެ ކުރިން ހީކުރެވުނަސް މިހާރު އެއީ ކުށްހީއެއްކަން ޖަޒްލާއަށް ވަރަށް ރަނގަޅަށް އެނގިއްޖެއެވެ. ލޯތްބަކީ ފާޑެއްގެ އެއްޗެކެވެ. ޖަޒްލާގެ ހިތުގައިވާ ލޯބި އީތަންގެ ކުށަށް މާފުދޭން ބޭނުންވެއެވެ. ދުރުގައި ހުރުމަށްވުރެ އީތަންއާ ގާތުގައިވުން ޖަޒްލާގެ ހިތް އެދޭތީއެވެ.

މަސައްކަތަށް އެނބުރި ދިއުމުގެ ބަދަލުގައި ކޮމްޕިއުޓަރުގެ އިސްކުރީނަށް ނަޒަރު ހުއްޓާލައިގެން ކީބޯޑުގައި އިނގިލިތައް ޖައްސާލައިގެން އީތަންއަށް އިނދެވުނެވެ. ޖަޒްލާއާ ބައްދަލުކުރަން އޭނާ ވެސް ނިންމައިގެން ހުންނަތާ ދުވަސްކޮޅެއް ވެއްޖެއެވެ. އެހެންނަމަވެސް ބައްދަލުވެފައި ދައްކަން ނިންމައިގެން ހުރި ވާހަކައިގެ ގޮތުން ފަސްޖެހެވިފައި ހުރީއެވެ.

“އީތަން، އެއްކަލަ ލިޔުން ހޯދާލައިފިންތަ؟ އިރުކޮޅަކުން ދާންޖެހޭނެއެއްނު” ކެބިންއިން ނުކުން ނުފެއިލު ބުނެލިއެވެ. އެއާއެކު ޚިޔާލަށް ގެއްލިފައި އިންނާނޭ ވަގުތެއް އީތަންއަކަށް ނުލިބުނެވެ. ނުފައިލްއަށް ޖަވާބުދީފައި އަވަހަށް ކުރަން އިން މަސައްކަތަށް ސަމާލުވެވޭތޯ އީތަން ބެލިއެވެ.

އިރުއޮއްސި ހަތެއްޖެހިފަހުން ނުފައިލްއާއެކު ބައްދަލުވުން ނިންމާފައި އީތަން އައިސް އޭނާގެ ގެއަށް ވަނެވެ. ދެ ނަމާދު ދޭތެރެއަށްވާތީ ސިޓިންރޫމުގައި މީހަކު ފެންނާކަށް ނެތެވެ. ކޮޓަރިއާ ދިމާއަށް ދަމުން ފަޓުލޫނު ޖީބުގައި އޮތް ފޯނު ނަގާ ޝައުންއަށް އީތަން ގުޅާލިއެވެ.

“ޝޯން… ކަލޭ ކޮބާތަ؟ ޚަބަރެއް ވެސް ނުވަމެއްނު…” ޝައުންއާ ވާހަކަދައްކަމުން އީތަން އައިސް ކޮޓަރިއަށް ވަނެވެ.

“ބޭރަށް ނުނިކުންނާތީ ޚަބަރެއް ނުވެވުނީ”

“ކިހިނެއްވީ؟ ބަލީތަ؟” ޝައުންގެ އަޑުގައި އެއްވެސް ޖޯޝެއް ނެތުމުން އީތަން ސުވާލު އުފެދުނެވެ. އޭރު އޭނާގެ ކޮޓަރިއަށް ވަދެ ދޮރުލައްޕާލައިފިއެވެ.

“ކަމެއްނުވޭ… މިރެއަކު ނޫން ދޯ ދިމާވާނީ” ފަރުވާކުޑަގޮތަކަށް ޝައުން ބުނެލިއެވެ.

“ކަމެއްނުވެޔޭ ބުންޏަސް ހާދަ ޤަބޫލުކުރަން ދައްޗޭ. އަހަރެން އެބައޮތް ވާހަކައެއް ބުނަންވެފައި. އަދި ތަހުސީނު ދޮންބެގެ ކައިވެނީގެ ވާހަކަ ވެސް ކިޔައި ނުދެމެއްނު. އެރެއަށްފަހު ތިއުޅެނީ ފިލައިގެން…” އީތަން ކޮނޑާއި ކަންފަތާ ދޭތެރޭ ފޯނު ހިފަހައްޓާލައިގެން ހުރެ އޮފީސް ހެދުން ބަދަލު ކުރަން ފެށިއެވެ.

“ނިދަން މިއޮތީ… އަހަރެން ހޭލާފައި ގުޅަންތަ؟” ޝައުންގެ އަޑުގައި ހުރި ފޫހިކަން އީތަން ހައިރާންކުރުވިއެވެ. އެހެންނަމަވެސް އެކުވެރިޔާގެ ނިންމުމަށް އިޙުތިރާމް ކުރިއެވެ.

ރޭގަނޑުގެ ކެއުމުގައި ކައިލަންގެ ދަޢުވަތަށް ޖަޒްލާ އިނީ އެގެއަށް އައިހެވެ. އޭރު ކައިލަންގެ ބައްޕަ ވެސް ކާމޭޒު ދޮށުގައި އިންނެވިއެވެ. ޖަޒްލާ އާއި ކައިލަން އެކުގައި އެގެއިން އެ ފެނުނީ ވަރަށް ދުވަސް ފަހުންނެވެ. އެކަމާ އަފީފު އިންނެވީ ނުހަނު އުފާވެފައެވެ. އޭނާގެ ސިކުނޑީގައި ޚިޔާލެއް އެނބުރޭތާ ދުވަސްކޮޅެއް ވެއްޖެއެވެ. ޚާއްޞަކޮށް ކައިލަންގެ ހިތުގެ ތެޅުން އަފީފަށް އެނގެން ފެށި ދުވަހުން ފެށިގެންނެވެ.  ނަމަވެސް އޭނާގެ ޚިޔާލު ތަކަށް ޢަމަލީ ސިފައެއް ނައީ ކުއްލިއަކަށް ޖަޒްލާގެ ކައިވެނީގެ ވާހަކަ އިވުމުންނެވެ. އެ ކައިވެނި ކުރެވުމުގެ ކުރިން ހުއްޓުމަކަށް އައިސްފައިވާކަން ވެސް އެނގުނީ ކައިލަންގެ ފަރާތުންނެވެ. ފަހިވެފައި އޮތް ރަނުގެ ފުރުޞަތު ގެއްލިދާނޭތީ އެކަމާ އަފީފު ވަރަށް ވިސްނައެވެ. ކާމިލުގެ ގާތަށް އޭނާގެ ސިކުނޑީގައިވާ ޚިޔާލު ހުށަހެޅުމަށް ދާނޭ ދުވަހަކާއި ވަގުތެއް އަމިއްލަ ސިކުނޑީގެ ތަވާލުގައި ނޯޓުކޮށްލީ ކާމޭޒު ދޮށުގައި އިނދެފައެވެ. ކައިލަން އާއި ޖަޒްލާގެ ގާތްކަން ފެނި އިތުރު ހިތްވަރެއް އޭނާއަށް ލިބުނީއެވެ.

“ޖޭޒް، ދަރިފުޅު މާ މަދީއޭ މިގެއަށް އަންނަލެއް” އަފީފު ގާތްކަމާއެކު ބުނެލިއެވެ. އަފީފުގެ ހިތުގައި ޖަޒްލާއަށް ދަރިއެއްގެ މަޤާމު ދެވިފައިވާތީ “ދަރިފުޅު” ކިޔައިގެން ވާހަކަދެއްކުމަކީ އޭނާގެ އާދައެކެވެ. އަފީފުގެ ގާތްކަން ކައިލަންގެ ހިތަށް ހަމަޖެހުން ލިއްބައިދެއެވެ. އޭނާ ނުބުނި ކަމުގައި ވިޔަސް ބައްޕައަށް އޭނާގެ ހިތުގައިވާ އެއްޗެއް އެނގޭ ކަމުގައި ޚުދު ކައިލަންއަށް ހީވާތާ ދުވަސްތަކެއް ވެއްޖެއެވެ. އެއީ ވެސް އޭނާއަށް ލިބޭ ވަރަށް ބޮޑު ހިތްވަރެކެވެ.

“ކައިލަން، ބައްޕަ މިއުޅެނީ މާދަމާ މެންދުރު މާހިރުމެންގެ ރިސޯޓަށް ދާންވެގެން. ޖޭޒް ގޮވައިގެން ދަރިފުޅު އެކޮޅަށް ޖައްސާލަންވީނު. އެ ރަށް ވަރަށް ރީތިވާނެ. ދަރިފުޅުމެން ބޭނުމިއްޔާ މޫދުކޮޓަރިއަށް ވެސް ހަމަޖައްސައިދީފާނަން. ވަރަށް ހިތްފަސޭހަވާނެ” އަފީފު މިހެން ބުނެލިއިރު އޭނާގެ ހިތާއި ސިކުނޑީގައި އެހެން ބޭނުމެއް ވެސް ފޮރުވިފައި އޮތް ކަހަލައެވެ.

“އާނއެކޭ ބުނާނީ އަޅުގަނޑެއް ނޫނެއްނެއްނޫންތޯ” ޖަޒްލާއަށް ކަތި ނަޒަރަކުން ބަލާލާފައި ހިނިތުންވެލަމުން ކައިލަން ބުނެލިއެވެ.

“މިހާރު ވަރަށް ދުވަސްވެއްޖެ ރިސޯޓަކަށް ނުދާތާ… އެކަމަކު ވަރަށް ދެރަ. މާދަމާ މެންދުރު މީހަކާ ބައްދަލުކޮށްލަން ބުނެފައި އޮންނާނީ. މާދަމާ ނޫންނަމަ ތިކަމާ ވިސްނާލެވުނީސް” މޭޒު ދަށުން ޖެހިގެން އިން ކައިލަންގެ އަތުގައި ވިކައިގަންނަމުން އަފީފަށް ބަލަން އިނދެ ޖަޒްލާ ބުނެލިއެވެ.

“ބައްޕަ އެކޮޅުގައި ދެ ދުވަހު ހުރެފައޭ އަންނަނީ. ޖޭޒް ތިބުނާ މީހަކާ ބައްދަލުކޮށްލާފައި އަންނަންވީނު. މާހިރު ގާތު ބުނެގެން ދަރިފުޅުމެން ބަލާ އަންނަން ލާންޗު ހަމަޖައްސަ ފާނަން” އަފީފު ބާރު އެޅިއެވެ. އެހެންވެ ނޫނެކޭ ބުނާކަށް ޖަޒްލާއަކަށް ނުކެރުނެވެ. އެހެން އިނދެ އަފީފަށް ބޯޖަހާލާފައި ކައިލަންއަށް ބަލާލިއެވެ. އޭރު އޭނާ ހިނިތުންވެފައި އިންވަރުން ދަތްތައް ވެސް ފެންނަން ހުއްޓެވެ.

—  ނުނިމޭ  —

Leave a Comment

Your email address will not be published. Required fields are marked *