LOABIVAATHEE UFAA DHEYNAMEY [EP-11]

“ކިހިނެއްވީ ފަރިޔާލު؟ ރޮވެނީ ކީއްވެ؟ މަންމައަށް އެއްޗެއް ބުނެވުނީތަ؟ ހެދުނު ގޯހެއް ރަނގަޅުކުރަން އެނގޭނީ ވެސް ދަރިފުޅު ބުނީމައެއްނު” ހިތްނުތަނަވަސްވެފައި އިނދެ ނާހިދާ ވާހަކަދެއްކިއެވެ.

“އަހަންނަށް މާފުކުރޭ މަންމާ…” ފަރިޔާލަށް ނާހިދާގެ ފައިބުޑަށް ތިރިވެވުނެވެ.

“ކޮންކަމަކައްތަ މާފަށް ތި އެދެނީ. ތި ފަދަ އަންހެންދަރިން މަދުވާނެ… ތީ މަންމައަށް ލިބިފައި އިން ޖަވާހިރެއް. މަންމަ ފަރިޔާލާ މެދު ވަރަށް ހިތްހަމަޖެހޭ”

“އަހަރެންގެ ދަރިއަކު އެބަހުރި” ރޮމުން ގިސްލަމުން ދިޔަ ފަރިޔާލު ބުނެލިއެވެ. މަންމައަށް ސިއްރުކޮށްގެން އުޅެން މިއަދު ފަރިޔާލުގެ ހިތަށް ކުޅަދާނަނުވީއެވެ. އޭނާ ކުރާ ހިތާމަތަކުގައި ބައިވެރިކުރަން އޭނާގެ މަންމަ ފިޔަވާ މިއަދު އިތުރު މީހަކުނެތެވެ. އޭރުން އަމިއްލަ ނަފްސަށް ލިބިފައިވާ ހިތްދަތިކަމަށް ލުޔެއް ލިބިދާނޭ ފަރިޔާލަށ ހީވަނީއެވެ.

“ފަރިޔާލުގެ ދަރިއެކޭ… އެކަމަކު އެހެންވާނީ ކިހިނެއް؟ ދަރިފުޅު މީހަކާ ވެސް ނީންނަމެއްނު. އަބަދު ތިއުޅެނީ މަންމަމެންގެ ގާތުގައި…” އަންހެނަކަށްވެ ހުރެ ވެސް ނާހިދާއަށް ފަރިޔާލު ބުނަން އުޅޭ އެއްޗެއް ނުވިސްނުނެވެ. ފަހަރެއްގައި އޭނާއަކީ ފަރިޔާލުގެ މަންމައަށްވާތީވެ ދަރިފުޅާ މެދު ނުބައި ހީއެއްކުރަން ބޭނުންނުވީ ކަންނޭނގެއެވެ.

“މަންމާ… އަހަރެންގެ އަންހެންދަރިއަކު އެބަހުރި. އަންހެނުންނަށް ދަރިން ލިބެނީ ކައިވެނި ކުރީމަތަ؟”

“ސުބްހާނަﷲ ތިކަހަލަ ވާހަކަ ދައްކާކަށް ވެސް ނުވާނެ. ފަރިޔާލު ކިހިނެއްވެފަތަ ތިއިނީ… ނިކަން ހަމަޖެހިބަލަ. ނުރޮއެހުއްޓާލާފައި ވެގެން އުޅޭގޮތެއް ކިޔައިދީބަލަ. ކީއްވެތަ ފަރިޔާލުގެ ދަރިއަކު ހުންނަންވީ؟ ކޮންތާކު އެކުއްޖާ ހުރީ؟ އަނެއްކާ ނުބައި އެއްޗެއް ދަރިފުޅާ އަވަލީތަ؟ އެހެންވެތަ ތިކަހަލަ ވާހަކަ ތި ދައްކަނީ. މި ކޮޓަރި ވެސް އަނދިރިކަން ބަލާބަލަ…” ސިހުމަކާއެކު ނާހިދާގެ މޫނުމަތިން ބިރުގެންފައި އިންކަމުގެ އަސަރު ފާޅުވެގެން ދިޔައެވެ.

“ދަރިފުޅުގެ ބައްޕަ ރޭގައި މިގެއަށް އައި… އެއީ މާލޭ މީހެއް. އެކަން ހިނގީ މާލޭގައި” ފަރިޔާލު އޭނާގެ މަންމައަށް ހުރިހާ ކަމެއް އޮޅުން ފިލުވައިދޭން މަސައްކަތްކުރިއެވެ.

“މާލޭގައި ކައިވެނިކޮށްގެން އުޅެފަތަ މިރަށަށް އައީ. އެމީހާ މިހާރު ކޮބާ؟ ދަރިފުޅު ގޮވައިގެންތަ އައީ” ނާހިދާ އަވަސްއަރުވާލާފައި އޮޅުން ފިލުވަން އުޅުނެވެ. އެއާއެކު ވަކިން ބޮޑަށް ފަރިޔާލަށް ރޮވުނެވެ. ތަހުސީނާއި ދަރިފުޅުގެ މަތިން ފަރިޔާލު ދުވަހަކު ވެސް ހަނދާނެއްނުނެތޭނެއެވެ.

ނާހިދާއަށް ކަންތައްވީގޮތް އެނގުމުން އޭނާގެ ލޮލުން ވެސް ކަރުނަ ހިލިއްޖެއެވެ. ހަމައެއާއެކު ފަރިޔާލުގެ ދެކެ ރުޅި ވެސް އާދެވުނެވެ. ދަރިފުޅުގެ މޫނުމަތީގައި ޖެހުނީ އެހެންވެއެވެ. ހަމަ އެހާ އަވަހަށް ދަރިފުޅު ގެނެސް އެ އަތުގެ ތެރެއަށް ލާން ވެސް ލައިފިއެވެ.

“ފަރިޔާލު މިހުރިހާ ދުވަހު އެކަން މަންމައަށް ސިއްރުކުރީ ކީއްވެ؟ ދަރިފުޅު ގޮވައިގެން މަންމަގެ ގާތަށް ނައީ ކީއްވެ؟”

“އެ ހާލުގައި އަހަރެން އައުމުން މަންމައަށް އިތުރު ބުރައެއްނޫނީ ނުޖެހޭނެތީވެ. ފާތިން ކޮއްކޮ އާއި ފަރުހާދަށް ވާނޭގޮތް ހިތަށް އަރާފައި… މުޅި ގޭގެ ހުރިހާ ޒިންމާއެއް ބޮލުގައި އަޅަންޖެހިފައި ހުރި މީހާގެ މަޤާމުގައި އަޅުގަނޑު ހުރީތީވެ… މަންމަގެ އަތްމަތި ދަތިވެފައިވުމުން ރަށުގެ ވަޒީފާއަށް އަހަރެން އަންނަން ޖެހޭތީވެ… އެ ދުވަހު ބައްޕަނެތް ކުއްޖަކު ގޮވައިގެން އަހަރެން ރަށަށް އެރިނަމަ މިއަދު މި ޢާއިލާގެ ތެރެއިން މި ފެންނަ އެއްވެސް ކަމެއް ނުފެނުނީސް” ފަރިޔާލުގެ ވާހަކަތައް އިވިފައި ނާހިދާގެ ހިތުގައި ޖެހުނެވެ. ޤަބޫލުކުރަން ބޭނުންނުވިޔަސް ފަރިޔާލު ހާމައެކުރީ ތެދު ހަޤީޤަތެވެ.

“ދަރިފުޅުގެ ބައްޕައާ ބައްދަލުކުރަން ބޭނުން. އޭނާ ގާތު ބުނޭ މިގެއަށް އަންނާށޭ… އޭނާ ފަރިޔާލާ އިންނާކަށް ބޭނުމެއްނުވޭތަ؟”

“އޭނާ ދާން ދޫކޮށްލާ…. އޭނާ އައީ އަހަންނާއި ދަރިފުޅު ބަލާ. އޭނާގެ އަލަތު އަނބިމީހާއަށް ހެދުމަށް… އެކަމަކު އަހަންނަކަށް އޭނާގެ ދަރިފުޅެއް ނުދެވުނު. މިއަދު އޭނާގެ ހަމަހިމޭންކަމުން އަހަންނަށް ޖަވާބު ލިބިއްޖެ. އެ ދަރިފުޅަށްޓަކައި އެތައް އަހަރެއް ފަހުން އައި އިރު އަހަރެން ކަންތައް ކުރީ އެއްވެސް މަޔަކު ކަންތައްނުކުރާނޭ ފަދައިން. ވީއިރު އަހަރެން ކަހަލަ އަންހެނަކާ އޭނާ ގުޅޭކަށް ބޭނުމެއްނުވާނެއެއްނު… ޝަކުވާކުރާނޭ ދުލެއް އަހަރެންގެ ނެތް… ކުރެވުނީ އެއަށްވުރެ މާ ބޮޑު ކުށެއް. މަންމާ! އެ ދުވަހު އަހަންނަށް އެހީއެއްވާނޭ އެކަކު ވެސް ނެތް…. އަހަންނަށް އެހެން ކަންތައްކުރެވުނީތީ މުޅި އުމުރަށް މިޖެހުނީ ރޯން” ފަރިޔާލުގެ ދެ ލޯ ރޮއެރޮއެ ދުޅަވެފައިވެއެވެ. އެމަންޒަރު ބަލާކަށް ނާހިދާއަކަށް ކެތެއްނުވިއެވެ.

“ފަރިޔާލު ކަންތައްކުރީ ރަނގަޅަކަށްނޫން. އެކަމަކު މަންމައަށް ވިސްނޭ އެހެން އެވީ ކީއްވެކަން…. އެއީ އެ ދުވަހު ﷲ މިންވަރުކުރެއްވިގޮތް… ކުރެވުނު ކުށަށް މާފުދެއްވާތޯ ދަންނަވަންވީ އެކަލާނގެއަށް. ދީނުގައި އަންގަވާފައިވާ ގޮތަށް އުޅެންވީ… ހަރުވާޅު ހެދުން ލިއެއްކަމަކު ގަޔަށް ދޫކޮށް ބަހައްޓާ ބުރުގާއިން ބޯ ވެސް ނިވާ ކުރަންވީ. އިރާދަކުރެއްވިއްޔާ ފަރިޔާލަށް އަލިމަގެއް ފެންނާނެ… މަންމަ ދުޢާކުރާނަން ދަރިފުޅުގެ ފާފަތައް ފުއްސަވާތޯ… ދަރިފުޅު ވެސް ކޮންމެ ނަމާދަކަށްފަހު ދުޢާ ކުރޭ… ގިނަގިނައިން ދަންނަވާ… މިހާރު ތި ވާހަކަތައް އެހެންމީހުންގެ ކަންފަތަށް އިވެން މާ ލަސްވެއްޖެ. އިތުރަށް މަސްލަހަތު ގޯސް ކުރުމަށްވުރެ ތިމާއާ ތިމާގެ ކަލާނގެއާ ދެމެދުގައި ގާތްކަން އުފެއްދުން އެންމެ ރަނގަޅުވާނީ. އެހެންވީމަ އަމިއްލައަށް ތިމާ ތަޢުބާވުން މުހިންމު. ހަމަޔަޤީނުން ވެސް ދަރިފުޅުގެ ހާލު މޮޅަށް ދެނެވޮޑިގެންވަނީ ﷲ…” ފަރިޔާލުގެ ބޮލުގައި ފިރުމަމުން ނާހިދާ ވާހަކަދެއްކިއެވެ. ހަޤީޤަތުގައި ދަރިފުޅު ދެކެ ރުޅިއެއް ނާދެވުނެވެ. އެއަށްވުރެ ފަރިޔާލު އޭނާއަށްޓަކައި ވެފައިވާ ޤުރުބާނީތައް މާބޮޑެވެ. އެ ދަރިފުޅުގެ ހާލާމެދު ނާހިދާ ހަމްދަރުދީވެއެވެ. ފަރިޔާލު އޭނާގެ ދަރިފުޅާ މެދު ވިސްނާ ފިކުރުކުރާވަރު ނާހިދާއަށް މިއަދު އިހުސާސް ކުރެވެއެވެ. ކުށްވެރިއަކު ފަދައިން ފަރިޔާލާ ދިމާއަށް ބަލާނުލެވުނީ އެހެންވެއެވެ. ދިރިއުޅުމެއް ފަށަން ފަރިޔާލު ބޭނުންވާކަން ވެސް މިއަދު ނާހިދާއަށް އެނގިއްޖެއެވެ. އަދި ފަރިޔާލުގެ ހަޔާތައް އަދިވެސް ގެންނަން ބޭނުންވަނީ އޭނާގެ ދަރިފުޅުގެ ބައްޕަކަން ވެސް އެނގިއްޖެއެވެ.

ރޭގަނޑުގެ ކެއުމަށްފަހު ބޭރު ޖޯލީގައި ފިކުރުކުރަން އޮތް ތަހުސީނަށް ހިލަމެއްވީ ދޮރޯށި ހުޅުވާލާފައި ވާހިދު ވަންތަން ފެނިފައެވެ. އޭނާ އެގެއަށް އައީ ތަހުސީނު ބުނެގެންނެވެ. ވީހާ ވެސް އަވަހަކަށް ތަހުސީނު ބޭނުންވަނީ މާލެ ދާށެވެ. ވާހިދު އައިސް ޖޯލީގައި އިށީނުމާއެކު ތަހުސީނު ދަތުރުގެ ވާހަކަދައްކަން ފެށިއެވެ. އެއާއެކު ތަހުސީނު އެ ރަށަށް އައިކަންތައް ނިމުނީތޯ ސުވާލުކޮށްލިއެވެ. އަދި މާ އަވަހަށް ފުރާތީ އެކަމާ ވެސް ވާހިދު ސުވާލުކުރިއެވެ. ކުރުގޮތަކަށް އޭނާއަށް ޖަވާބުދީފައި ފުރޭނޭ ދުވަހަކާ މެދު ވާހަކަދެއްކިއެވެ. ވާހިދު ހުރީ ތަހުސީނު ބޭނުން ދުވަހަކަށް ދަތުރު ހަމަޖައްސައި ދޭ ގޮތަށެވެ. އެހެންވެ ލަސްނުކޮށް ޖެހިގެން އޮތް ދުވަހު ފުރަން ތަހުސީނު ހުރިހާ ކަމެއް ހަމަޖައްސާލިއެވެ.

ރޭޝްމާގެ ފޯނު ކޯލު އައީ ތަހުސީނު އޭނާއަށް ނުގުޅައިގެންނެވެ. ކުރިން ރޭގައި ވެސް ބާރަޖެހިއިރު ތަހުސީނު ރޭޝްމާއަށް ގުޅައިގެން ވާހަކަދެއްކިއެވެ. ނަމަވެސް މިރޭ ތަހުސީނު ނުގުޅީ ގަސްދުގައެވެ. ރޭޝްމާއަށް ފޯނުން ހަޤީޤަތް ހާމަކޮށްދޭން ބޭނުންނުވާތީއެވެ. ވިސްނާލަން ވަގުތުކޮޅެއް ވެސް ބޭނުންވާތީއެވެ. ރޭޝްމާގެ ކޯލު ކެނޑުމުން ފޯނުގެ ރިންގު ކަނޑާލާފައި ބާލީސްދަށަށް ފޯނުކޮށްޕާލިއެވެ.

“ފަރިޔާލު އަހަންނަށް ކުޑަކޮށް ވެސް އިތުބާރެއް ނުކުރީ ކީއްވެ؟ ޒޫރިން އެއީ އަހަރެންގެ ދަރިފުޅު… އެއީ އަހަރެންގެ ދަރިއެއް. ރޭޝްމާދެކެ އަހަރެން ލޯބިވާން ހައްޤު…. އަހަރެންގެ ދަރިފުޅަށްޓަކައި އޭނާ ނުކުރަނީ ކޮންކަމެއް. ރީން… ދަރިފުޅާ… ރީން… ދަރިފުޅުގެ ބައްޕަ މި ދަނީ ދަރިފުޅުގެ ގާތަށް… ވަރަށް ގިނަ ދުވަހު ބައްޕައާ ނުލާ އުޅެފީމު. އިރާދަކުރެއްވިއްޔާ އުމުރުގެ ބާކީ ދުވަސްތައް މި ބައްޕަ ހޭދަކުރާނީ ދަރިފުޅާއެކު…” ލޯ މަރާލައިގެން ނިތްކުރީގައި އެއްއަތް ބާއްވައިގެން އޮތް ތަހުސީނު ޚީޔާލުތަކުގެ ތެރެއަށް ގެއްލިފައި އޮތެވެ. އޭނާއަށް ޒޫރިން ފެންނަނަމުން ދިޔައެވެ. ހިނިތުންވެލާފައި އުފާވެރި މިޒާޖެއްގައި އުޅުނު ކުއްޖާއަށް އައިސްފައިވާ ބަދަލު ލޯ ކުރިމަތިން ސިފަވަމުން ދާ ކަހަލައެވެ. އެ ދަރިފުޅަށް ހުރިހާ އުފަލެއް ހޯދައިދޭން ތަހުސީނު ބޭނުމެވެ.

* * * *

ޖަޒްލާގެ ޚަބަރެއްނުވެގެން ކައިލަން އެންމެފަހުން އޭނާ ހޯދަން އެގެއަށް އައެވެ. ގޭގައި ގެންގުޅޭ މީހެއްގެ ފަރާތުން ޖަޒްލާ އޮތީ ކޮޓަރީގައިކަން އެނގުމުން ކައިލަން އައިސް އެ ކޮޓަރީގައި ޓަކި ދިނެވެ. އެތެރެއިން ކާކުތޯ އަހާލުމުން ކައިލަން އޭނާގެ ނަން ބުންޏެވެ. އެއާއެކު އެނބުރި ދިއުމަށް ކައިލަންއަށް ޖަޒްލާ އެދުނެވެ.

“ޖޭޒް ބުންޏަސް ނުދާނަން. މިތާ ދޮރުމަތީ ހުންނާނީ… ހެޔޮ ޖޭޒްގެ ބައްޕައަށް ފެނުނަސް. ސުވާލުކޮށްފިއްޔާ ހުރިހާ ވާހަކައެއް ކިޔައިދޭނަން އެންމެނަށް” ކައިލަންގެ ބަސްތައް އިވިފައި ގިނައިރެއްނުވެ ޖަޒްލާ އެ ކޮޓަރިއަށް ވަނުމުގެ ހުއްދަ ކައިލަންއަށް ދިނެވެ. އެ ކޮޓަރިއަށް ވަނުމާއެކު ކައިލަންގެ ލޮލުގައި އެނދުގައި އޮތް ޖަޒްލާ އަޅައިގަތީ އޭނާ އޮތް ގޮތުންނެވެ.

“ބަލީތަ؟” ކައިލަންއަށް އަހާލެވުނެވެ.

ޖަޒްލާގެ ބުޅި އިސްތަށިގަނޑު ހާވާލައިގެން ރަޖާދަށުގައި އޮތީ ތެދުވަން ބޭނުންނުވެފައި އޮތްހެނެވެ. އޭނާގެ ފިހާރަ ނުހުޅުވާތާ ވެސް ހަފްތާއަކަށްވުރެ ގިނަ ދުވަސްވެއްޖެއެވެ. ކައިލަން ގުޅުމުން ވެސް ފޯނު ނުނަގަނީ އެކަކާ ވެސް ވާހަކަދައްކަން އޭނާ ބޭނުންނުވާތީއެވެ.

“ޖޭޒް! ސީރިއަސްކޮށް ބުނެބަލަ… ބަލިވީތަ؟ ރޮގާޖެހުނީތަ ނޫނީ ހުންއައީތަ؟ ރަޖާދަށަށް ވަދެއޮތަސް ވީގޮތެއް ނުބުނަންޏާ މަށަކަށް ވެސް ނޭނގޭނެ… ނިކަން ތެދުވެ ރީތިވެލާބާ… ހިނގާބަލަ އަހަންނާއެކު ބޭރަށް ގޮސްލަން” ކައިލަން ވަނުމުން ވެސް ޖަޒްލާގެ ފަރާތުން އެއްވެސް އިޝާރާތެއް ނުވުމުން ހައިރާންކަމެއް ލިބިގެން ދިޔައެވެ.

“ކީއްކުރަން ކައިލް ތި އައީ؟” ފޫހިވެފައި އޮތްހެން ޖަޒްލާ ބުނެލިއެވެ.

“އަހަރެން މިއައީ އަހަރެންގެ އެކުވެރިޔާއާ ބައްދަލުކުރަން… ލޮލަށް ނުފެންނަތާ ގުޅާލީމާ ފޯނު ވެސް ނަގަނީއެއްނޫން… ތިހެން އުޅުނީމާ ޖޭޒްއަށް ނުވެސް ގުޅޭ. އަހަރެންގެ ޖޭޒްއަކީ އަބަދުވެސް ވަރަށް ހެޕީވެފައި ހުންނަ ކުއްޖެއް… ވަރަށް ސްޓްރޯންގުވާނެ… އެހާ އަވަހަށް ޑިސެޕޮއިންޓެއްނުވާނެ…. ޖޭޒް! ދެން ތެދުވޭ… ބަލިނޫނިއްޔާ އެއްގޮތަކަށް ވެސް ތިހެން އޮވެގެން ނުވާނެ… ހިނގާ އަހަންނާއެކު” ކައިލަން ވާހަކަދައްކަމުން އައިސް ޖަޒްލާގެ އެނދު ކައިރީ މަޑުކޮށްލިއެވެ. އަދި ޖަޒްލާގެ ހިފަހައްޓާލައިގެން އޮތް ރަޖާގަނޑު ނަގަން އުޅުނެވެ.

“އަހަރެން އެއްވެސް ކަމެއް ކުރާކަށް ބޭނުމެއްނޫން” ޖަޒްލާ ބުނެލިއެވެ.

“ކީއްވެ؟ ނިކަން އަހަންނަށް ޤަބޫލުކުރެވޭވަރުގެ ސަބަބެއް ދައްކަބަލަ…”

“ކައިލަން ދެން ދޭ….”

“ނުދާނަން… މިކޮޓަރިން އަހަރެން ބޭރަށްލާން ބޭނުންވާނަމަ ޖޭޒް ތި އެނދުން ތެދުވެގެން އާދޭ އަހަރެން ބޭރުކޮށްލަން… ތިހުރިހާ ވަރެއް ތިވަނީ އީތަންއާ ހެދިތަ؟”

“އީތަން އެހެން ކަންތައްކުރިޔަސް އަދިވެސް އަހަންނަށް ވިސްނެނީ އޭނައާ މެދު” ޖަޒްލާ ތެދުވެ އެނދުގައި ދެފައިވަށްކޮށްލައިގެން އިށީނެވެ.

“ކޮޓަރީގައި ބަންދުވެގެން އޮތަކަށް ރަނގަޅު ގޮތެއް ނުވިސްނޭނެ… އެހެންވެއޭ ޖޭޒް ގާތަށް އަހަރެން މި އައީ… ދެން ވެސް ހިނގާބަލަ އަހަންނާއެކު ބޭރަށް ނުކުމެލަން… ޕްލީޒް…” ޖަޒްލާގެ އެނދުގައި އިށީނދެ އޭނާގެ ދެއަތްތިލާގައި ހިފާލަމުން ކައިލަން އާދޭސްކުރަންފެށިއެވެ.

ކައިލަންގެ އާދޭހާއެކު ޖަޒްލާ ނުދާން ހުރެފައި ވެސް އޭނާއާއެކު ބޭރަށް ނުކުމެލަން އެއްބަސްވިއެވެ. އެހެންވެ އެނދުން ތެދުވެ ފާޚާނާއަށް ވަދެ ތާޒާވެލައިގެން ނުކުމެ ބޭރަށް ދިއުމަށް ތައްޔާރުވެލިއެވެ. އާދައިގެ މޭކަޕެއްގައި ފެހިކުލައިގެ ގަޔަށްދޫ ގަމީސްކޮޅާއި ނޫކުލުގައި ސްކިނީ ޖިންސު ލައިގެން ހުރި އިރު ޖަޒްލާ ވަރަށް ރީއްޗެވެ. ނަމަވެސް އޭނާގެ މޫނުމަތިން ފެންނަނީ މޮޅިވެރިކަމެވެ. އެގޮތް ކަނޑުވާލަން ކައިލަން މަސައްކަތް ކުރަމުން ދިޔައެވެ.

ޖަޒްލާ ގޮވައިގެން އައިސް ޕާކުކޮށްލާފައި އޮތް ކާރަށް ކައިލަން އެރިއެވެ. ދާނީ ކޮންތާކަށްކަން ކަނޑައެޅީ ވެސް ކައިލަންއެވެ. ދެމީހުން އާންމުކޮށް އެންމެ ގިނަ އިން އަރާތިބޭ ރެސްޓޯރެންޓުގެ ފުރަތަމަ ފަންގިފިލާގެ ހުޅުވާލެވިފައި އޮން ބައިގައި ހުރި މޭޒެއް ކައިލަން ޚިޔާރުކުރިއެވެ.

އެނދުގައި އިށީނދެލައިގެން ޒޫރިން އިނީ ނޭވާލާން އުނދަގޫވެފައި އިން މީހަކު ހެންނެވެ. އޭނާގެ ދާދި ގާތުގައި ރޭޝްމާ އިނެވެ. މަޑުމަޑުން ޒޫރިންގެ ބުރަކަށީގައި ފިރުމަމުން ދިޔައެވެ. އޭރު ކޮޓަރީގެ ފާޚާނާ ހުރީ ހުޅުވާފައެވެ.

“މިހާރު ކިހިނެއް؟…” ރޭޝްމާ އަހާލުމުން ޒޫރިން ދެފަރާތަށް މަޑުމަޑުން ބޯހޫރާލިއެވެ.

“މަންމަ ޖޫސްތައްޓެއް ގެނެސްދެންތަ؟ ކޮންމެވެސް އެއްޗެއް ހަށިގަނޑުގެ އެތެރެއަށް ލުމުން ގައިގާ ވަރެއް ވެސް ހުންނާނީ” ރޭޝްމާ ކަންބޮޑުވެފައި އިނދެ ޒޫރިންގެ ބުރަކަށީގައި ފިރުމަމުން ވާހަކަދެއްކިއެވެ.

“ވަރަށް ވަރުބަލިވޭ… މިރޭ ކުޑަކޮށް ބަނޑުގައި ވެސް ރިއްސާ… މަންމަ މިރޭ މިކޮޓަރީގައި އޮންނައްޗޭ” ޒޫރިން ފެންނަނީ ހާސްވެފައި އިންހެނެވެ.

“އާން! އެކަމަކު ދެން އެއްޗެއް ބޯލަން އުޅޭ… ހޮޑުލާ ލާ މިހާރު ތީނީ ވާތާވާގޮތްވެފައި. ހުރި ފެންފޮދު ވެސް ބޭރުކޮށްފިން… މަންމަ މި އަންނަނީ ޖޫސްތައްޓެއް ހިފައިގެން… ނޫނީ ކުރުނބާ ވެސް ހުންނާނެ. ނާޒިލުބެ ހަވީރުއެއްނު ގެނެސްދިނީ… ގެންނަންތަ އެތަނުން ކުރުނބާ ފެންފޮދެއް” ޒޫރިން ބޯޖަހާލުމުން ރޭޝްމާ އަވަސްއަވަހަށް އެ ކޮޓަރިން ނުކުމެގެން ދިޔައެވެ.

ރޭޝްމާ ދިއުމުން އެނދުގައި އޮށޯވެލަން ޒޫރިން މަސައްކަތް ކުރިއެވެ. ނަމަވެސް މޭނުބައި ކުރި ފަދަ ގޮތެއް މޫނުމަތިން ފެނިގެން ދިޔައެވެ. އެހިނދު މޭގައި އެއްއަތްޖައްސާލައިގެން ފާޚާނާއަށް ޒޫރިން އައިސް ވަނެވެ. ފާޚާނާތައްޓަށް ކުޑަކޮށް ގުދުވެލައިގެން އޮވެ ދެތިން ފަހަރަށް އޯކަށް ދެމިލިއެވެ. އެތެރެ ހަށީގައި ހޮޑުގެ ގޮތުގައި ބޭރުކުރާނޭ އެއްވެސް އެއްޗެއް ނެތީއެވެ. އަނގަޔަށް ފެންކޯވަރެއްލާ ކޯދޮވެލުމަށްފަހު މޫނު ދޮވެލައިގެން ޒޫރިން ނުކުތެވެ. އެނދުގެ އަރިމަތީ ހުރި ކަބަޑުގެ މަތީ ބާއްވާފައި އޮތް ފޯނު ނަގާ ބަލާލިއެވެ. ދިއްލިގެން ދިޔަ އިސްކުރީނުން ލާނެތްހިނިތުންވުމަކާއެކު ޒޫރިންގެ ކޯތާފަތުގައި އީތަން ބޮސްދިން މަންޒަރު ފެންނަމުން ދިޔައެވެ. އެ ފޮޓޯއަށް ބަލަން އިން އިރު ޒޫރިންގެ ތުންފަތުގައި ލުއި ހިނިތުންވުމެއް ދުވެލިއެވެ. ކަނާތުން ބަނޑުގައި ފިރުމާލުމާއެކު ބަނޑަށް ބަލާލީ ލޯބިންފުރިގެންވީ ނަޒަރަކުންނެވެ.

“މީ ދަރިފުޅުގެ ބައްޕަ… އަދިވެސް މަންމަ ވަރަށް ލޯބިވޭ… ދަރިފުޅު ވެސް ލޯބިވައްޗޭ…” މަޑުމަޑުން ވައިއަޑުން ޒޫރިން މިހެން ބުނެލިއިރު އެ ދެ ލޯ ކަރުނުން ފުރުނެވެ. އެހެންނަމަވެސް ދެ ލޯ ފުހެލީ ހިނިތުންވެލައިގެން އިނދެއެވެ.

“އީތަން! އަހަންނަށް ހީވަނީ އަހަރެން ވަރަށް އަވަހަށް ދެން ވިހާފާނެހެން… ވަރަށް ބިރުގަނޭ… އަލުން އީތަންއާ މި ދުނިޔެއިން ބައްދަލުނުވެދާނެތީ ކަންބޮޑުވަނީ… އެހެންވިޔަސް އީތަންއަށް އަހަރެން މާފުކޮށްފިން… ވަރަށް ލޯބިވޭ އަދިވެސް… އަހަރެން ނެތް ދުނިޔެއެއްގައި ވެސް މި ދަރިފުޅު ދުށުމަށް ކޮންމެވެސް ދުވަހަކުން އަންނާނެކަމަށް ހީކުރަން… އަހަރެންގެ އެއްވެސް ޝަކުވާއެއްނެތް އަހަރެންގެ ބަދަލުގައި އީތަންގެ ހަޔާތުގެ ބައިވެރިއަކަށް ޖޭޒް ޚިޔާރުކުރި ނަމަވެސް… މިއަދު އަހަންނަށް އެނގޭ އީތަން އަހަންނަށް ތި ދިނީ އެއްވެސް އަންހެނަކަށް ނުދޭ ހަދިޔާއެއްކަން… ލަދުވެތިވާންޖެހުނަސް އެއީ އަހަރެންގެ ލޯތްބަށް ލިބުނު ކުރިއެރުމެއް… އީތަންދެކެ ވީ ލޯބި މި ދަރިފުޅު އަހަރެންދެކެ ވާނޭކަން ޔަޤީން… ދުނިޔޭގައި ހުރިއްޔާ ހަޔާތަށް މި ލިބުނު ހުސްކަން މި ދަރިފުޅު ފުރައިދޭނެކަން އެނގޭ…”

ކުރުނބާ ފެންފޮދެއް ހިފައިގެން އައި ރޭޝްމާއަށް ދޮރުކައިރީ ސިއްރުން ހުއްޓެވުނީ ކޮޓަރިތެރެއިން ވާހަކަދައްކާ އަޑުއިވިގެނެވެ. އޭނާ ސިއްރުން ބަލާލިއިރު ޒޫރިން ފޯނަށް ބަލަން އިނދެ އަމިއްލަ ނަފްސާ ވާހަކަދައްކަނީއެވެ. އެ ވާހަކަތައް ރޭޝްމާއަށް ސާފުކޮށް އިވުނެވެ. އޭނާގެ ހިތުގައި ދަރިފުޅަށް ހަމްދަރުދީ ވެވުނެވެ. ހަމައެއާއެކު ދަރިފުޅުގެ ހިތްތިރިކަމާއި އޯގާތެރިކަމުން އޭނާ ފަޙުރުވެރި ވިއެވެ. ޒޫރިންގެ މަންމައަށް އޭނާ މިއަދު ވީތީ ޙަމްދުކުރިއެވެ. ލޯބިން ފުރިގެން ދިޔަ ހިތާއެކު ހިނިތުންވެލައިގެން ހުރެ ޒޫރިންއަށް ގޮވާލަމުން ކޮޓަރިއަށް ވަނެވެ. އެއާއެކު ޒޫރިން އަވަސް އަވަހަށް ފޯނު ފައިކައިރިއަށްލާ ފޮރުވާލިއެވެ.

“ތަހުސީނުބެ މިރޭ ނުގުޅާތަ؟” ޒޫރިން ވާހަކައެއް ފެށޭތޯ އުޅުނުކަން ރޭޝްމާއަށް ނަގައިގަނެވުނެވެ.

“ހީވަނީ ބިޒީ ރެއަކީހެން… ހެނދުނުން ދެން ގުޅާނީ… އަން! މި ކުރުނބާފެންފޮދު ބޯލެވޭތޯ އުޅޭ” ރޭޝްމާ ހިނިތުންވެލަމުން ބުނެލިއެވެ. އެހެންނަމަވެސް ރޭޝްމާ ހުރީ ތަހުސީނު ފޯނު ނުނެގުމުން ހާސްވެފައެވެ. ފަރިޔާލުއާ ބައްދަލުވި ވާހަކަ ތަހުސީނުގެ ފަރާތުން ރޭޝްމާއަށް އޮތީ އެނގިފައެވެ. ހާސްވީ އެހެންވެގެންނެވެ. ފަރިޔާލާއި ތަހުސީނުގެ ދެމެދުގައި ހިނގި އެއްވެސް ކަމެއް ނޭނގޭތީއެވެ.

ރޭގަނޑުގެ އެތައް ދަމެއް ހުސްވިއިރު ވެސް އީތަން އޮތީ ނުނިދިފައެވެ. ދޭތެރެއަކުން ވައިބަރގައި ޖަޒްލާ އޮންލައިންކޮށް އިންތޯ ބަލާލައެވެ. އީތަން ކުރާ އެއްވެސް މެސެޖަކަށް ޖަޒްލާ ޖަވާބެއްނުދެއެވެ. ފޯނު ކުރިޔަސް ފޯނެއް ނުނަގައެވެ. ކަންތައްވެފައި އޮތްގޮތުން ޖަޒްލާ ހޯދަން އެގެއަށް ދާކަށް އީތަންއަކަށް ނުކެރޭނެއެވެ. އަނެއްކޮޅުން ޖަޒްލާއަށް އެނގޭ ކަންތައްތަކުގެ ވާހަކަ އޭނާގެ ޢާއިލާ މީހުންނަށާއި އީތަންގެ ޢާއިލާ މީހުންނަށް އެނގިދާނޭތީ ވެސް އީތަން ހުންނަނީ ވަރަށް ހާސްވެފައެވެ. ޖަޒްލާއާ ދެމެދު އުފެދިފައި އޮތް ހަމަނުޖެހުން ހައްލުކުރަން އީތަން ބޭނުންވަނީ އެހެންވެއެވެ. ޒޫރިންގެ ވާހަކަ ޢާއިލާގައި ދެކެވިއްޖެނަމަ ގޭތެރޭގެ މަސްލަހަތު މުޅިން ގެއްލޭނެއެވެ. ސުފިޔާނު ކަންތައްކުރާނޭ ގޮތެއް ވެސް އެނގޭނީއެއްނޫނެވެ. އެންމެ މުހިންމީ މާމަ ރާބިއާ އެކަމާ މެދު ބުނާނޭ އެއްޗެއް ނޭނގޭތީއެވެ. ޔަޤީނުން ވެސް އީތަންދެކެ ރުޅި އަންނާނެކަން ގައިމެވެ.

ފޯނު ހިފައިގެން ފިކުރުބޮޑުވެފައި އޮއްވާ އީތަންއަށް ނިދުނީ ކޮންއިރަކު ކަމެއް ނޭނގެއެވެ. ކުއްލިއަކަށް އޭނާ ލޯ ހުޅުވާލުމާއެކު “ރީން”… އޭ ގޮވާލިއެވެ. އަދި އެނދުގައި ތެދުވެ އިށީނދެވުނެވެ. ނިތްކުރިމައްޗަށް ވެރިފައި ހުރި އިސްތަށިތައް ރަނގަޅުކޮށްލުމަށް ބޮލުގައި އަތްފުނާ އަޅާލިއެވެ. އެހިނދު ނިތްކުރިއަށް ރޫޖެހި ދެ ބުމަ ކައިރިވެލިއެވެ. ތެދުވި ވަގުތު އަތުތެރެއިން ފޯނު ވެއްޓި ކާޕެޓުމަތީ ޖެހުނުކަން އީތަންއަށް އެނގުނެވެ.

“ހުވަފެނެއް…. ކޮންކަހަލަ ހުވަފެނެއް އެއީ….” ވިސްނާލާފަދަ ގޮތަކަށް އީތަން އަމިއްލައަށް ބުނެލިއެވެ. ދެއަތުން މޫނުގައި އަތްހާކާލުމަށްފަހު ކާޕެޓުމައްޗަށް ވެއްޓިފައި އޮތް ފޯނު ނަގާ ބަލާލިއެވެ. ގަޑިން ހެނދުނު ހަތެއްޖަހަނީއެވެ. އިރުކޮޅަކު އެނދުގައި އިށީނދެލައިގެން އިނުމަށްފަހު އަނެއްކާ ވެސް އީތަން އޮށޯތެވެ. ނަމަވެސް އޭނާގެ ލޮލުގައި ކުރިން ހުރި ނިދީގެ އަސަރެއް މިހާރަކު ނެތެވެ.

“ރީން… އަހަންނަށް… އަހަންނަށް އެކުއްޖާ ފެނުނީއްސުރެން އޭނާގެ އަހަރެން ގަޔާވާގޮތެއް ހުންނަކަށް ފާހަގަވި…. ޖޭޒް ގާތަށް ދިއުމުން ނުވާ އެތައްގޮތެއް ރީންގެ ގާތުގައި ހުންނައިރު އަހަންނަށް ވާކަން އިހުސާސްވޭ…. ރީންގެ ގާތަށް ދިއުން ހުއްޓާނުލެވުނީ ވެސް އެހެންވެ… އަހަންނަށް ނިދުނުއިރު އޮތީ ޖޭޒްގެ ޚިޔާލުގައި އެކަމަކު ހުވަފެނުން މި ފެނުނީ ރީން… އެއީ ކީއްވެބާ؟ އަހަރެންގެ ނަފްސު ބޭނުންވާގޮތާ އަހަރެން ބޭނުންވާ ގޮތް ތަފާތީބާ؟ އާން! ހުވަފެނުގައި އަހަރެން ހުރީ އުފަލުން…. އެ އިހުސާސް އެއީ ހަމައެކަނި ރީންގެ ގާތުގައި އަހަރެން ހުންނައިރު ކުރެވޭ އިހުސާސެއް… ބުނެދޭންނޭނގޭ ހިތްހަމަޖެހުމެއް އެކުއްޖާ އަހަންނަށް ހޯދައިދޭ… އެ މިޒާޖު… އެ ހިނިތުންވުން… ހީނލާއިރު އެ ދެލޮލުގެ ވިދުން ގަދަވޭ… ކޮންމެ ހަރަކާތެއް އަހަރެންގެ ނާރުތަކަށް ދިރުން ގެނެސްދޭ ކަހަލަ…. ފުރާނައިގެ ކާނާއަކީ އެ އަންހެންކުއްޖާ ކަހަލަ… ހަޤީޤީ ލޯތްބެއްގެ އިހުސާސްތަކަކީ މީކަމަށްވާނަމަ އެ ފަދަ އިހުސާސެއް ކުރެވުނީ ރީންއާއެކު… ތެދެއް! ހިތްހަމަޖެހުމެއްގައި ވަނިކޮށް ރީން އަހަންނާ ވަކިވެގެން އެ ދިޔައީ… ހުވަފެނެއްކަމަކު އަހަރެންގެ ހިތަށް ހާދަ ތަދުވެއްޖެޔޭ… ހީވީ ލޯކުރިމަތިން ހިނގައިދިޔަ ހަގީގަތެއްހެން… ބަޔާންކުރަން ދަތި ވޭނަކާއި ފުންހިތާމައެއް މުޅި ނަފްސަށް ލިބިގެންދިޔަ ކަހަލަ…” ޚިޔާލުގައި އޮވެ ފެނުނު ހުވަފެނާ މެދު އީތަން ވިސްނިއެވެ. ޖަޒްލާގެ ޚިޔާލުތަކަށްވުރެ އީތަންއަށް އުނދަގޫކުރަމުން ދިޔައީ ޒޫރިންގެ ޚިޔާލުތަކެވެ.

ބޭއިޚްތިޔާރުގައި އެއްފަރާތަށް އެނބުރިލެވުމާއެކު ފޯނު ހުޅުވާލައިގެން އޭގައި ހުރި ފޮޓޯތަކުން ޒޫރިންގެ ފޮޓޯގަނޑު އިސްކުރީނަށް އަރުވާލައިގެން އީތަން ބަލަން އޮތެވެ. އެހެން އޮތްއިރު ޒޫރިންގެ އެކިއެކި ހަނދާންތައް އޭނާގެ ސިކުނޑީގޭ ފޮޓޯއަލްބަމުން ބަލަމުން ދިޔައެވެ. ދޭތެރެއަކުން ތުންފަތަށް ލާނެތް ހިނިތުންވުމެއް ވެރިވެގެން ދެއެވެ.

* * * *

ތޮށިގަނޑު މަތީގައި ތަހުސީނު ހުރެފައި ދެ ފަރާތް ބަލާލި ވަގުތު ކާރެއް އައިސް މަޑުކޮށްލުމާއެކު ބިއްލޫރުގަނޑު ތިރިކޮށްލާފައި ތަހުސީނަށް ގޮވާލިއެވެ. ނާޒިލު ފެނުމުން ހިނިތުންވެލާފައި އަތުގައި އޮތް ދަބަސް ފަހަތު ސީޓަށް ލާފައި އޭނާ ގެއަށް ގެންގޮސްދިނުމަށް ތަހުސީނު އެދުނެވެ. އެއާއެކު ނާޒިލު ކާރު ދުއްވާލީ ތަހުސީނު މެންގެއަށް ދިއުމަށެވެ.

“ރޭޝް އާއި ރީންގެ ގާތަށް ނުވަދެ ކިހިނެއްވީ ގެއަށް ދަނީ” ނާޒިލު އަހާލިއެވެ.

“ފްރެޝްވެލައިގެން ދާންކަމަށް… އަހަރެން ގެއަށް ވަދެފައި ރޭޝްއަށް ގުޅާލާނަން…. އޭނާ އަންޑޭސްޓޭންޑް ވާނެ… ރީން ކިހިނެއްތަ؟”

“ހަމަ އެކަހަލަ ގޮތެއް… ރޭ އެއްކޮށް ކަހަލަ ގޮތަކަށް ރޭޝް އިނީ ހޭލާ… ތަހުސީނު އައިކަމެއް އަދި ނޭނގޭނެ. މަ ވެސް ނުބުނަން ތަހުސީނު ބަލައޭ މިދަނީ” ނާޒިލު ހަމަޖެހިލާފައި ވާހަކަދެއްކިއިރު ތަހުސީނުގެ މޫނުމައްޗަށް އަރާ ފައިބަމުން ދިޔަ އެއްވެސް ކުލަވަރެއް އޭނާއަކަށް ނޭނގެއެވެ. ކަމަކާ ކަންބޮޑުވެފައި އިންހެން ދޮރުފަތުގެ ބިއްލޫރިގަނޑުން ދުރަށް ބަލަހައްޓައިގެން ތަހުސީނު އިނެވެ.

ގެއަށް ވަދެވުނު ގޮތަށް އެއްވެސް މީހަކާ އަނގައިން ބުނުމެއްނެތި ތަހުސީނު އޭނާ ދިރިއުޅޭ އެޕާޓްމެންޓަށް އައިސް ވަނެވެ. ތަޅުންމައްޗަށް ދަބަސް ދޫކޮށްލުމާއެކު އޭނާ އަވަސްވެގަތީ ފާޚާނާއަށް ވަނުމަށެވެ. ގިނަ އިރެއްނުވެ ފެންވަރާލައިގެން ތަހުސީނު ނުކުތެވެ. ތައްޔާރުވަމުން ދިޔައިރު އޭނާ ހުރީ ކޮންމެވެސް ފިކުރެއްގައިކަން މޫނުމައްޗަށް އަރާ ފައިބަމުން ދިޔަ ކުލަވަރުތަކުން އެނގެއެވެ. ދޭތެރެއަކުން ދެ ބުމަ ކައިރިކޮށްލާފައި ލޯ ހިމަކޮށްލަމުން ލޯގަނޑުން އަމިއްލަ ސޫރައަށް ބަލާލައެވެ.

“ހެލޯ… ކޮންތާކު؟ އީތަން ގޮވައިގެން އާދެބަލަ… މިހިރީ ދޮންބެގެ އެޕާޓްމެންޓުގައި” ތައްޔާރުވެލައިގެން ބޭރަށް ނުކުތުމުގެ ބަދަލުގައި ތަހުސީނު ސިޓިންރޫމު ސޯފާގައި މަޑުކޮށްލަމުން ގުޅީ ޝައުންއަށެވެ. އޭނާ ފޯނަށް ޖަވާބު ދިނީ ތަހުސީނު ދެތިން ފަހަރަށް ގުޅުމުންނެވެ. އެއީ މިފަހަކަށް އައިސް އާދަކަން ތަހުސީނަށް އެނގެއެވެ. އީތަން އާއި ޒޫރިންގެ މައްސަލަ ތަހުސީނަށް އެނގުނު ފަހުން ޝައުން އުޅެނީ ތަހުސީނާ ވަރަށް ދުރުންނެވެ.

“އޭނާވީ ގޭގައި… ފޯނެއް ނުނަގާ…” ޖެހިލުންވެ ކަންބޮޑުވެފައި ހުރެ ތަހުސީނުގެ ފޯނުކޯލަށް ޖަވާބުދެމުން ޝައުން ބުނެލިއެވެ. އޭރު އޭނާ އިނީ އީތަންއާއެކު މެންދުރުގެ ކާން ރެސްޓޯރެންޓަކަށް އަރައެވެ. ނަމަވެސް ތަހުސީނަށް ދޮގު ހެދީ ކަންތައްތައް ގޯހުން ގޯހަށް ހިނގައިދާނޭ ކަމުގެ ބިރު ހީވެގެންނެވެ.

މާގިނަ ވާހަކައެއް ޝައުން ނުދައްކައެވެ. ފޯނުކޯލު ނިންމާލާފައި އޭނާ ކުރިމަތީ އިން އީތަންއަށް ބަލާލީ ހާސްވެފައެވެ. ފުންނޭވާއެއްލަމުން ދެފަރާތަށް ބޯހޫރާލީ ވެސް އީތަންއަށް ބަލަންއިނދެވެ.

“ކިހިނެއްތަވީ؟ ކީކޭތަ ބުނީ…” އީތަންގެ ހާސްކަން ވެސް އިތުރުވިއެވެ.

“ތަހުސީނު ދޮންބެ ބުނީ އީތަން ގޮވައިގެން އާދެބަލާށޯ… ފޯނު ނުނަގައޭ ބުނީމާ ބުނީ އީތަންއަށް މެސެޖުކުރާށޯ… ކޮށްފައި ބުނާށޯ ދައްކަން މިއުޅޭ ވާހަކަ އީތަންމެންގެއަށް ގޮސް ދެއްކުންތޯ ރަނގަޅުވާނީ ނޫނީ ތަހުސީނުދޮންބެ ގާތަށް އައީމާ ދެއްކުންތޯ ރަނގަޅުވާނީ… ޑޫޑް… ކަޑައޭ މުޅިން… އެންމެ ސޭފްވާނީ އީތަން ދިޔައީވިއްޔާ… މަށަށް ހީވަނީ ތަހުސީނު ދޮންބެ ވަރަށް ހިތްހަމަނުޖެހިފައި ހުރިހެން”

“މަށަކަށް ނުކެރޭނެ…” އީތަންގެ ހަރަކާތްތައް ހުއްޓުމަކަށް އައެވެ.

“ނުކެރޭނެއޭ ބުނެގެން ފަރުޖެހޭކަށް ނެތޭ… އީތަން ބޭނުންވަނީ ތަހުސީނު ދޮންބެ ތިގެއަށް ދާންތަ؟ ޖޭޒްއަށް ވެސް ތިއޮތީ ހުރިހާ ކަމެއް ފަޅާ އަރާފައި… ކުރިން ވެސް އަހަރެން ބުނީމެއްނު ތަހުސީނު ދޮންބެއަކީ ވަރަށް ޑޭންޖަރަސް މީހެކޭ… ދެން އަޅެ ކީކޭތޯ ކިޔަނީ ބަލަން ދެވިދާނެއެއްނު… މަށަށް ފެންނަގޮތުގައި އެއީ އެންމެ ރަނގަޅުގޮތް”

“ނުގޮސް މޮޅުތަކެއްވާކަށް ނެތެއްނު… އިންޒާރުވިއްޔާ އެ ދިނީ… ދެން ޖެހޭނީ ދާކައްނު” ގޮތް ހުސްވެފައި އިންހެން އީތަން އިސްޖަހާލިއެވެ.

“އަހަރެން އެންމެ އަޖައިބުވަނީ ތަހުސީނު ދޮންބެއަށް ހުރިހާކަމެއް އެނގެންވީ ގޮތެއް ނޭނގޭތީ… ކާކުބާއޭ ތަހުސީނުދޮންބެ ގާތުގައި އެ ވާހަކަދައްކާނީ… އެމީހަކު ކަންނޭނގެ ޖޭޒްގެ ގާތުގައި ވެސް އެ ވާހަކަދައްކައިގެން އެ އުޅެނީ…. އީތަން… އެމީހަކާ މެދު މިހާރު ވިސްނަންވެއްޖެ… ވަރަށް ބޮޑު ދުޝްމިނަކަށް އޭނާ ވާނީ…” ޝައުން ވިސްނަމުން ވާހަކަދެއްކިއެވެ.

“ތެދެއް ބުނަންތަ ޝައުން… ޖޭޒްއާ ވަކިވާންޖެހުނީތީ އަހަރެންގެ ހިތަށް މާބޮޑު އަސަރުތަކެއް ނުކުރި… ހަމައެކަނި ހިތަށް އެރީ ޖޭޒްއާ ހަމައަށް ރީންގެ ވާހަކަތައް ގެންދިޔައީ ކާކުބާއޭ… އަހަރެން އެއްގޮތަކަށް ވެސް ބޭނުމެއްނޫން ޖޭޒް އާއި ރީން ބައްދަލުވާކަށް… ބައެއްފަހަރު ހިތަށް އަރާ ޖޭޒްއަށް ހުރިހާ ކަމެއް އެނގުނީތީ މާ ރަނގަޅޭ…”

“އަނެއްކާ ވެސް އެއްކަލަ ކަހަލަ ވާހަކަދައްކަން ފެށީ ދޯ… އަމިއްލައަށް ބޮއެގެން ތިއުޅޭ ބޮނޑި ކުޑައީތަ؟ ދެން ވެސް ދުރުގައި ހުރީމައެއްނު ތިކަމަކުން ސަލާމަތްވާނީ… އެއްގޮތަކަށް ވެސް އެނބުރިދާ ޚިޔާލު ކޮށްގެން ނުވާނެ…” ޝައުންގެ ވާހަކަ ހުރި ގޮތުން އިތުރަށް އީތަންގެ ހިތުގައިވާ އެއްޗެއް ފާޅުކުރާކަށް ބޭނުމެއްނުވިއެވެ. މިފަހަކަށް އައިސް އީތަންގެ ޚިޔާލު ފާޅުނުކުރަނީ ވެސް ޝައުންގެ ފަރާތުން ފެންނަ ހިތްހަމަނުޖެހުމުގެ ސަބަބުންނެވެ.

ދެ ޒުވާނުން ރެސްޓޯރެންޓުން ނުކުމެގެން އައިސް ޝައުންގެ ކާރަށް އެރީ ތަހުސީނުގެ ގާތަށް ދާން މަޖުބޫރުވެގެންނެވެ. އީތަން ޖެހިލުންވެފައި ހުރިވަރު ޝައުންއަށް ރަނގަޅަށް އެނގެއެވެ. ޚުދު އޭނާ ވެސް ތަހުސީނުގެ ގާތަށް އީތަން ގޮވައިގެން ދާކަށް ބޭނުމެއްނޫނެވެ. ތަހުސީނަށް ސިއްރުކުރަން ބޭނުންވާ ކަންކަން ޝައުންގެ ވެސް ހުރީމައާއެކުއެވެ.

އެޕާޓްމެންޓުގެ ބެލްޖަހާލި އަޑާއެކު ތަހުސީނު ދޮރު ހުޅުވާލިއެވެ. ހީވީ ދޮރުކައިރީ ފާރަށް ހުރެފައި ހުޅުވާލި ހެންނެވެ. އެހާ ވެސް އަވަހެވެ. އޭރު އެތެރެއަށް ވަންނަން ނުކެރިފައި އީތަން އާއި ޝައުން ހުއްޓިލައިގެން ތިއްބެވެ. ދެ މީހުންނަށް ވަކިވަކިން ބަލާލާފައި އީތަންއަށް އިޝާރާތްކޮށްލީ އެތެރެއަށް ވަންނާށޭ ބުނާ ފަދައިންނެވެ. އެހިނދު އީތަންއާއެކު ޝައުން ވެސް ކުރިއަށް ފިޔަވަޅު އަޅާލީ އެޕާޓްމެންޓަށް ވަންނާށެވެ. ނަމަވެސް ޝައުންގެ ކޮނޑުގައި ތަހުސީނު އެއްއަތުން ހިފާ އޭނާ ހުއްޓުވިއެވެ.

“ދޮންބެ ބޭނުންވަނީ ހަމައެކަނި އީތަންއާ ވާހަކަދައްކާލަން…” ތަހުސީނު މިހެން ބުނުމުން އެޕާޓްމެންޓަށް ވަން އީތަން ވެސް ފަސްއެނބުރި ޝައުންއަށް ބަލާލީ ކަންބޮޑުވެފައެވެ. ނަމަވެސް ދެ ޒުވާނުންނަށް ތަހުސީނުގެ ކުރިމަތީ ދެކޮޅު ހަދާކަށް ނުކެރުނެވެ. އެއްބަސްވުމުގެ ގޮތުން މަޑުމަޑުން ބޯޖަހާލާފައި ޝައުން ހިނގައިގަތީ ލިފްޓާ ދިމާއަށެވެ. އެއާއެކު ތަހުސީނު އެޕާޓްމެންޓަށް ވަދެ ދޮރުލައްޕާލައިފިއެވެ.

“އިށީނދޭ…” ސޯފާއަށް އިޝާރާތްކުރަމުން އީތަންއަށް ތަހުސީނު ބުނެލިއެވެ.

އަނގައިން އަޑެއް ލައްވާލަން ވެސް ނުކެރިފައި ހުރިހެން އީތަން އައިސް ސޯފާގައި އިށީނެވެ. ހަމަ އެ ސޯފާގައި ތަހުސީނު ވެސް އިށީނެވެ. އަދި އީތަންއަށް ބަލާލީ ތަފާތު ނަޒަރަކުންނެވެ. އޭނާ ބުނަން އެ އުޅޭ ވާހަކައިގެ ގޮތުންނެވެ.

“އީތަން އާއި ޝޯން ބޮޑުވަމުން އައީ އަހަރެންގެ ކުރިމަތީގައި… ޝޯންގެ ޠަބީޢަތާއި އީތަންގެ ޠަބީޢަތާ ވަރަށް ތަފާތުކަން އަބަދުވެސް ފާހަގަވޭ. އެހެންވެ އަހަންނަށް ޤަބޫލުނުކުރެވެނީ އީތަން އަންހެންކުއްޖަކަށް އެފަދަ ބޮޑު އަނިޔާއެއް ދީފާނެކަމަށް… އީތަން! ކަންތައްވީގޮތް ނިކަން ކިޔައިދީބަލަ… މިއަދު އަހަރެން މި އިނީ ހުރިހާ ވާހަކައެއް އަޑުއަހަން ތައްޔާރަށް… ރީންގެ ގާތަށް އީތަން ދިޔައީ ހަމައެކަނި އުފާކޮށްލާށޭ އަހަރެންގެ ހިތް ޤަބޫލުނުކުރަނީ… އީތަންގެ ހިތުގެ ކޮންމެވެސް ހިސާބެއްގައި ރީންއަށްޓަކައި ލޯބި ފޮރުވިފައިވާނެއޭ އަހަރެންގެ ހިތާއި ޟަމީރު ވެސް އެއްބަސްވޭ… އެހެންވީމަ މިއަދު އީތަންއާ އެކަހެރިކޮށް މި ވާހަކަ ދައްކަން ޖެހުނީ… އަޅެ ބުނެބަލަ… ރީންދެކެ ކުޑަކޮށް ވެސް ލޯއްބެއްނުވޭތަ؟ މިހާ ދުވަސްވީއިރު ރީންގެ ބަނޑުގައިވާ ދަރިފުޅާ މެދު ވިސްނައެއްނުލަންތަ؟ އެއީ އީތަންގެ ދަރިއެއްނޫންތަ؟… ވާހަކަދައްކަބަލަ އީތަން… ކީއްވެތަ ޖެހި ބުދެއްހެން ތި އިންނަނީ” ތަހުސީނުގެ އަޑު ކުޑަކޮށް ބާރުވެލިއެވެ. އެހެންނަމަވެސް ސޯފާގައި އިށީނދެ އިސްޖަހާލި ގޮތަށް އީތަންއިނީ ގަނޑުވެފައި އިންހެނެވެ. ތަހުސީނަށް ބަލާނުލިތާ އޭނާއަށް ތަހުސީނުގެ އެއްވެސް ސުވާލަކަށް ޖަވާބެއް ނުދެވުނެވެ.

“އަޅުގަނޑު… އަޅުގަނޑު ވިސްނަން… އެހެން އެއްވެސް މީހަކަށްވުރެ ބޮޑަށް މިހާރު ރީންއާ މެދު ވިސްނޭ… އެނގޭ ރީން ވިހާނީ އަޅުގަނޑުގެ ދަރިއެއްކަން… ރީން… އެއީ… އެއީ ހަމައެކަނި އުފާކޮށްލުމެއްނޫން… ރީންއަކީ މީހަކު ހަމައެކަނި އުފާކޮށްލަން ބޭނުންކުރާ އަންހެންކުއްޖަކަށްވުރެ މާ ޚާއްޞަ ކުއްޖެއް… ދުވަހަކު ވެސް ރީންއާއެކު ހޭދަވެގެން އެ ދިޔަ ދުވަސްތައް ހަނދާނެއްނުނެތޭނެ… އެހެން އަންހެންކުދިންނާ ރީން މުޅިން ތަފާތު… އެކަމަކު… ރީން މުޅި އުމުރަށް އަޅުގަނޑަށް ނަފުރަތުކުރާނޭކަން އެނގޭ… އަޅުގަނޑަކީ ފިނޑިއެއްކަން ވެސް އެނގޭ… އަޅުގަނޑުގެ އިހުމާލު ވަކި ކުޑައެއްނޫންކަން އެނގޭ… މިއަދު މިހުރީ ހަދާނޭގޮތެއް ނޭނގިފައި… ރީން ދޫކޮށްލާފައި އައީ ޢާއިލާ ބަދުނާމު ވެދާނޭތީ… ކިހިނެއް މިވާހަކަތައް ތަހުސީނުބޭބެއަށް ކިޔައިދޭނީ…” އިސްޖަހާލައިގެން އިން އީތަން އޭނާގެ އަމިއްލަ ނަފްސާ ވާހަކަދައްކަމުން ދިޔައެވެ.

“އީތަން… މީ ހިމޭންކަން ޚިޔާރުކުރަންވީ ވަގުތެއްނޫން… ރީން މުޅި ދިރިއުޅުން ހަލާކުވެގެން އެ ދަނީ. ކޮންމެވެސް އެއްޗެއް ބުނެބަލަ… އީތަން ހެޔޮނުވާނެ…. ރީންއަކީ އަހަރެންގެ ދަރިއެއް… އެ ދަރިފުޅު އަހަރެންގެ އަތުން ބީވެގެން ހިނގައިދާނޭތީ ބިރުގަނޭ… ބަނޑުގައިވާ ދަރިފުޅާއި މައިމީހާއާ ދެމެދުގައި އޮތް ގުޅުން އުމުރަށް ދެމިގެންދާއިރު، އެ ދަރިފުޅުގެ ބައްޕައަކީ ކާކުކަން ބުނަން އެނގޭނީ މަންމައަށް. އެކަމަކު މިއަދު ރީން ހުރިހާ ކަމަކާ ކުރިމަތި އެލަނީ އެކަނިމާއެކަނި… ކޮބާ އިންސާފު…”

“ރީން… ރީންގެ ބައްޕައެއް ނުހުރޭ…” ތަހުސީނު ބުނި އެއްޗަކުން އަޖައިބުވެފައި އިނދެ އީތަންއަށް ބުނެވުނެވެ.

“މި ދުނިޔެއަށް ބައްޕައަކާ ނުލާ އެކަކު ވެސް އުފަންވޭތަ؟ އެހެންވެއްޖެނަމަ އެވާނީ މުޢުޖިޒާތަކަށް… ރީންއަކީ އަހަރެންގެ އިހުމާލުން އުފަންވި ދަރިއެއް… އެކުއްޖާއަކީ ބައްޕަނެތް ކުއްޖެއްކަމުގައިވީ އީތަން ފަދައިން އަހަރެން ވެސް ރީންގެ މަންމަ އެކަނިކޮށްލެވުނީމާ… އަހަންނަށް ހެދުނު ގޯސް މިއަދު އީތަން ތި ތަކުރާރުކުރަނީ…. ރީންއަކީ ފިރިހެނުންނާއެކު ވިޔާނުދާކޮށް އުޅޭނޭ ކުއްޖެއްނޫން… ހަމަ އެގޮތަށް އީތަންއަކީ ވެސް އަހަރެންގެ ނަޒަރުގައި އެފަދަ ޢަމަލުތަކެއް ހިންގާނޭ ޒުވާނެއްނޫން… ހަމަގައިމު ވެސް ރީން ވަރަށް ލޯބިވޭ އީތަންދެކެ. އޭނާ އީތަން ކުއްވެރިކުރަން ބޭނުންނުވަނީ އެހެންވެ… ރީންދެކެ އީތަން ލޯބި ނުވަނީތަ؟ އެހެންނަމަ މި ދެއްކުނީ ބޭކާރު ވާހަކަތަކެއް… އެކަމަކު ބުނަން… އެހެންވެއްޖެނަމަ ދުވަހަކުކޮޅުން ވެސް އީތަން ނުވާނެ ރީންއާ އަނގައިން ބުނެގެން ވެސް. އޭނާއާ ގުޅެން މަސައްކަތްކޮށްގެން ނުވާނެ… އޭނާގެ ދިރިއުޅުމަށް އީތަންއަށްވުރެ ރަނގަޅު ޒުވާނަކު އިރާދަކުރެއްވިއްޔާ އަހަރެން ހޯދާނަން… އަދި ހަނދާންކުރާތި ދުވަހަކު ވެސް އަންހެންކުއްޖެއްގެ އިއްފަތްތެރިކަމަށް އަރައިގަތުމުގެ ކުރިން ހުރިހާ އަންހެންކުދިންނަކީ ރީން ފަދަ ކުއްޖަކަށް ނުވާނޭކަން… އީތަން ދެރަވާނޭ ދުވަހެއް އަދި އަންނާނެ…. މިހާވަރަށް ވިސްނައިދޭން އަހަރެން މި މަސައްކަތްކުރަނީ އެހެންވެ… ޝޯންއަކީ އީތަންގެ އެންމެ ގާތް އެކުވެރިޔާއަށް ވިޔަސް، އޭނާގެ ޚިޔާލު ހުންނާނޭގޮތް އަހަންނަށް ވަރަށް ރަނގަޅަށް އެނގޭ…”

ނާއުންމީދުން ފުރިގެންވީ ބަލާލުމަކުން އީތަންއަށް ބަލާލާފައި ތަހުސީނު އިސްޖަހާލިއެވެ. އަދި ކަކުލުގައި އުޅަންބޮށިކޮޅު ވިއްދާލައިގެން ދެއަތްތިލައިން ނިތްކުރީގައި ހިފަހައްޓާލައިގެން ތަހުސީނު އިނެވެ. ބުނާނޭ ހަމަ އެކައްޗެއް ވެސް ނޭނގިފައެވެ. ކައިރީގައި އިން އީތަންއަށް ވެސް މި ވަނީ ކިހިނެއްކަމެއް ނޭނގެއެވެ. ރީންއަކީ ތަހުސީނުގެ ދަރިއެކޭ ބުނެފައި ދެން އެ ދެއްކި ވާހަކަތައް ޤަބޫލުކުރަން އީތަންއަށް ފަސޭހަ ނުވީއެވެ.

“ތަހުސީނުބޭބެ މެރީނުކޮށް ލިބުނު ކުއްޖެއްތަ ރީންއަކީ….” އީތަންގެ ސުވާލު އަމާޒުވީ އޭނާގެ ޟަމީރާއެވެ. މަޑުމަޑުން ދެފަރާތަށް ބޯހޫރާލާފައި އީތަން ތެދުވިއެވެ.

“އަޅުގަނޑު…” އެއްޗެއް ބުނަން އުޅެފައި ވެސް ފުރިހަމަ ނުކޮށް އީތަން ހިނގައިގަތީ އެޕާޓްމެންޓުން ނުކުންނާށެވެ. ދެން ވެސް ތަހުސީނު އޭނާއަށް ބަލައެއް ނުލިއެވެ.

ދެއަތުން މޫނުގައި އަތްހާކާލާފައި ތަހުސީނު ތެދުވީ އީތަން ނުކުންތާ އިރުކޮޅެއް ފަހުންނެވެ. އޭނާ ދެ ލޮލުން ކަރުނައިގެ އަސަރު ފާޅުވަމުން ދިޔައެވެ. ފޯނު ނަގާ ރޭޝްމާއަށް ގުޅާލުމަށްފަހު އޭނާ އެގެއަށް އެބަދަން ކަމުގައި ބުނެލިއެވެ. ފޯނުކޯލު ކަނޑާލާފައި އެއްއަތުގެ އިނގިލިތަކުން ދެ ލޯ ފުހެލިއެވެ.

“އަހަރެންގެ ރީންއަށް ހުރިހާ އުފަލެއް ހޯދައިދޭން ބޭނުން… މިއަދު އެކުއްޖާއަށް އީތަންއަށްވުރެ އަގު ބޮޑު ހަދިޔާއެއް ނުދެވޭނެ… އެކަމަކު… ދަރިފުޅު އެހާލުގައި އިންދާ ދާންވީ ހުސްއަތާތަ؟ މީ ރީންގެ ބައްޕައޭ ބުނާނީ ކޮންދުލަކުން… މި ހުރިހާ ދުވަހު ބައްޕަވީ ކޮންތާކުތޯ ސުވާލުކޮށްފިއްޔާ އަހަރެން ދޭނީ ކޮންޖަވާބެއް…” ތަހުސީނު އެކަނިހުރެ ވާހަކަދައްކަމުން ދިޔައެވެ. އޭރު ހަމަ ރަނގަޅަށް ވެސް އޭނާއަށް ރޮވެނީއެވެ. އެނބުރި މާލެ އައީ ޒޫރިންއަށްޓަކައި އޭނާގެ އީތަން ގެންގޮސްދިނުމަށް ހިތުލައިގެން ހުރެއެވެ. އެކަމަކު އީތަންގެ ގޮތެއް ވެސް މިއަދު ތަހުސީނަކަށް ނޭނގުނެވެ. އުންމީދުކުރި ފަދަ ޒުވާނަކަށް އީތަން ނުވިއެވެ.

ހަވީރުގެ ވަގުތެވެ. މަގުތައް ހަލަބޮލިވެފައި ވިޔަސް ރޭޝްމާމެންގޭ މަގުގައި މީހެއްގެ ހިލަމެއް ނުވެއެވެ. ކާރު ޕާކުކޮށްލާފައި ތަހުސީނު އައިސް ދޮރޯށީގައި ހަރުކޮށްފައި ހުރި ފިތަށް އޮބާލައިފިއެވެ. ގިނަ އިރެއް ނުވެ ރޭޝްމާ ދޮރުހުޅުވިއެވެ. ތަހުސީނު ފެނުމާއެކު އޭނާގެ ހިތް ނުތަނަވަސްވިއެވެ.

“ކިހިނެއްވެފައި ތިހިރީ… ނިދާފަތަ ތިއައީ…” ތަހުސީނުގެ ލޮލުގައި ކޮންމެވެސް ވަރެއްގެ ރަތްކަމެއް ހުރުމުން ރޭޝްމާ ސުވާލު އުފެދުނީއެވެ.

“ކޮބާ ރީން…” ތަހުސީނު މަޑުމަޑުން އަހާލިއެވެ.

“އެބައިން ޓެރެސްގައި… މިއައީ ފައި މަސާޖުކޮށްދޭން އިނދެފައި… އަދިވެސް ފައިގެ ދުޅަ ތިރިވާގޮތެއް ނުވޭވިއްޔާ” ރޭޝްމާ ހަމަޖެހިލާފައި ވާހަކަދައްކަމުން ދިޔައިރު އޭނާގެ ވާހަކަތަކަށް ތަހުސީނުގެ ސަމާލުކަމެއް ނުހުއްޓެވެ. ގޭތެރެއިން ލާފައި ތަހުސީނު އައިސް ޓެރެސްއަށް ނުކުމެވެން ހުރި ދޮރު ކައިރީ މަޑުކޮށްލީ ޒޫރިންއަށް ބަލަން ހުރެއެވެ.

“ތަހުސީނު… ހާދަ ފާޑަކަށޭ ތިހުންނަނީ… އެހެންޏާ ތީ އެހާ ބަސްމަދު މީހެއްނޫން. ހުރިހާ ކަމެއް ހަމަ ރަނގަޅުތަ” ތަހުސީނުގެ އަތުގައި އަތްޖައްސާލަމުން ރޭޝްމާ އަހާލީ ކަންބޮޑުވެފައި ހުރެއެވެ. އެހިނދު ރޭޝްމާއަށް އިތުރު ސިހުމެއް ގެނުވީ އިސްޖަހާލި ތަހުސީނުގެ ދެ ލޮލުން ވެއްޓުނު ކަރުނަތިކިންނެވެ.

“ތަހުސީނު…” އިހުނަށްވުރެ ހާސްވެފައި ރޭޝްމާއަށް ގޮވާލެވުނެވެ.

ތަހުސީނަށް އޭނާގެ ހިތުގެ އިހުސާސްތަކުގެ މައްޗަށް ބާރެއް ނުފޯރުވުނެވެ. ދެ ލޮލުން ހިފެހެއްޓުމެއްތި ކަރުނަ ފައިބަމުން ދިޔައިރު އެ ކަރުނަތައް ފޮރުވުމަށް އެއްއަތުން ދެ ލޯ ފޮރުވާލުމާއެކު ދޮރުކަނީގައި ނިތްޖައްސާލިއެވެ. ހާސްވެފައި ހުރި ރޭޝްމާއަށް ތަހުސީނުގެ އަތުގެ މުލައްދަނޑީގައި ހިފާލެވުމާއެކު ވައިއަޑުން ކަހަލަ ގޮތަކަށް ގޮވާލެވުނީ ވީގޮތެއް ނޭނގޭތީއެވެ. އޭރު ޒޫރިންއަށް ވެސް ތަހުސީނާއި ރޭޝްމާގެ އަޑު އިވި އިންތަނުން ތެދުވެއްޖެއެވެ.

“ބޭބެއަށް ކިހިނެއްވީ…” ހާސްކަމާއެކު ޒޫރިން އަހާލީ ރޭޝްމާގެ ގާތުގައެވެ.

“ތަހުސީނު، ހިނގާބަލަ އިށީންނަން… ވީގޮތެއް އަހަންނާ ޚިއްޞާއެއްނުކުރާނަންތަ؟ ތަހުސީނު ތިހެން އުޅުނީމާ އަހަންނާއި ރީން ކަންބޮޑުވާނޭ ވަރެއް ނޭނގޭތަ…”

ތަހުސީނު ގޮވައިގެން ރޭޝްމާ އައިސް ވަނީ އޭނާގެ ކޮޓަރިއަށެވެ. އެނދުގައި ތަހުސީނު ބޭންދުމަށްފަހު އެކިއެކި ސުވާލުކުރަން ފެށިއެވެ. ކަރުނުން ފުރިފައިވާ ދެ ލޮލުން ތަހުސީނު ބަލާލީ އެ ކޮޓަރި ދޮރުމަތީގައި މަޑުކޮށްލައިގެން ހުރި ޒޫރިންއަށެވެ. މަޑުމަޑުން ތެދުވެ ޒޫރިންއަށް އަތްދިއްކޮށްލަމުން އިޝާރާތްކޮށްލީ އޭނާގެ ގާތަށް އައުމަށެވެ. ކުޑަ އުނދަގުލަކާއެކު މަޑުހިނގުމެއްގައި ޒޫރިން އައިސް ތަހުސީނުގެ ކުރިމަތީ ހުއްޓުނެވެ. ލޯއްބާއި އޯގާތެރިކަމާއެކު ޒޫރިންގެ މޫނުގައި ދެ އަތުން ތަހުސީނު ހިފާލިއެވެ. އަދި އެ މޫނުމައްޗަށް ވެރިފައި ހުރި އިސްތަށިތައް އެއްފަރާތްކޮށްލުމާއިއެކު ޒޫރިން ގެނެސް މޭގައި ލައްކޮށްލިއެވެ.

“އަޅުގަނޑުގެ ހާލު ރަނގަޅޭ ބޭބޭ…” ތަހުސީނު ރޯތީ ޒޫރިން ވެސް ހުރީ ހަދާނޭ ގޮތެއް ނޭނގިފައެވެ.

“ރީން… މި ބަދުނަސީބު ބައްޕައަށް މާފުކުރޭ…” ޒޫރިންގެ ބޮލުގައި ފިރުމަމުން ތަހުސީނު އާދޭހުގެ ރާގެއްގައި ބުނެލިއެވެ.

“ތަހުސީނު… ކީކޭތަ ތިކިޔަނީ… ފަރިޔާލުގެ ޚަބަރަކީ ކޮބާތަ؟ އެ ރަށަށް ގޮސްފައި އައިފަހުން ތި ބަދަލެއް އައިސްގެން ތި އުޅެނީ… ހެޔޮނުވާނެ، އިތުރަށް އަހަރެން ހާސްނުކުރުވާ ކިޔާދީބަލަ” ރޭޝްމާ އައިސް ތަހުސީނުގެ ކުރިމަތީ ހުއްޓި އޭނާގެ އަތުގައި ހިފައި ތަޅުވައިގަންނަން މަސައްކަތްކުރިއެވެ.

“ރޭޝްމާ! އަހަރެންގެ ދަރިފުޅު ފެނިއްޖެ… މިއަދު އަހަރެންގެ އަތުގެތެރޭގައި މިހިރީ އަހަންނާއި ފަރިޔާލުގެ ދަރިފުޅު… ﷲއީ ދެއްވުންތަކާއި، ފަޟުލުވަންތަކަން ތަނަވަސްވެވޮޑިގެންވާ ދެނެވޮޑިގެންވާ ކަލާނގެ… އެ ކަލާނގެ މިއަދު އަހަންނަށް އަހަރެންގެ ދަރިފުޅު ދެއްވައިފި… ދެން ދުވަހަކު ވެސް ދަރިފުޅާ ވަތްކެއްނުވާނަން”

ތަހުސީނުގެ ވާހަކަ އަޑުއަހަން ހުރި ރޭޝްމާގެ މޫނުމަތިން އިންތިހާ ދަރަޖައިގެ ހައިރާންކަން ފާޅުވެގެން ދިޔައެވެ. ޤަބޫލުނުކުރެވިފައި ހުރެ ތަހުސީނާ ސުވާލުކުރަން ފެށިއެވެ.

“އެކަމަކު އެހެންވާނީ ކިހިނެއް؟ ފަރިޔާލަށް ކިހިނެއް އެހާ ތަފްސީލުކޮށް ބުނަން އެނގުނީ” ރޭޝްމާ އާއި ތަހުސީނުގެ ދެމެދުގައި ދެކެވެމުންދިޔަ ވާހަކައިގައި މުރާދަކީ ކޮބައިކަމެއް ޒޫރިންއަކަށް ނޭނގެއެވެ. ދެ މީހުންގެ މޫނަށް ޒޫރިން ބަލަމުން ދިޔައިރު ބުނަންވީ ކީކޭކަމެއް ވެސް އޭނާގެ ވިސްނުމަކަށް ނައެވެ.

“ރީން… މިއަދު އެއްވެސް ވާހަކައެއް ދަރިފުޅަށް ފޮރުވާކަށްނެތިން. ދަރިފުޅުގެ ބަދުނަސީބު ބައްޕައަކީ މީ… ރީން އުފަންވީ ފަރިޔާލުގެ ބަނޑުން… އެހެންނަމަވެސް ރީންއަކީ މި ތަހުސީނާއި ފަރިޔާލަށް ކައިވެނިން ބޭރުން ލިބުނު ކުއްޖެއް. ދިރިއުޅުމުގައި ކުރިމަތިވި ހުރަސްތަކާއި މަޖުބޫރާއި އަމިއްލަ ފިނޑިކަމުގެ ސަބަބުން ފަރިޔާލު ދޫކޮށްލާފައި ދާން ޖެހުނީ. ޅައުމުރުގައި ބަލިވެ އިންނަންޖެހުމާ ޢާއިލީ ޒިންމާތައް ބޮލުގައި އެޅިފައި އޮތުމުގެ ސަބަބުން ފަރިޔާލަށް ވެސް ރަނގަޅު ގޮތް ނުވިސްނުނީ… އަތްދަބަހުގެ ތެރެއަށް ލާފައި ކުނި ކޮންޓޭނަރުގެ ކައިރިއަށް ދަރިފުޅު ދޫކޮށްލާފައި ފަރިޔާލު އެނބުރި ރަށަށް ދިޔައީ… އެތަނުން އެ ދަރިފުޅު ނެގީ ރޭޝްމާ…. ފަހަރެއްގައި ވެސް ރޭޝްމާގެ ގާތަށް އައި އިރު ރީންއަކީ އަހަރެންގެ ހިތާއި މި ދެ ލޯ އެ ދަރިފުޅެއް ދުށުމަށް ކެތްމަދުވެފައި ކުއްޖާކަމެއް ނޭނގޭ… ދަރިފުޅުގެ ބައްޕައަށް ވުމުގެ ހައްޤުވަނީ މާކުރިން ވެސް ގެއްލިފައި…” ތަހުސީނުގެ ދުލުން ނުކުތް ފަހު ބަހާއެކު އޭނާގެ ކަރު އެލި ޒޫރިންގެ ބޮލުގައި ބޯޖައްސާލިއެވެ. އަދި އެ ދެ ލޯ ފުރިބަންޑުންވަމުން ދިޔައެވެ. އޭނާގެ ކުރިމަތީގައި ހުރި ރޭޝްމާގެ ހިތަށް ވެސް ކެތެއް ނުކުރެވުނެވެ. ދެއަތް ފުޅާކޮށްލުމާއެކު ތަހުސީނުގެ ގައިގާ ދަރިފުޅާއެކު ބައްދައިގަތެވެ.

ބަސްހުއްޓިފައި ހުރި ޒޫރިންގެ ކޯތާފަތް ތެމެމުން ދާ ކަމުގެ އިހުސާސް އޭނާއަށް ކުރެވެއެވެ. ހިތަށް ކުރަމުން ދިޔަ އަސަރަށްވުރެ އެ ހިތުގައި އަޅަމުން ދިޔަ ވޭން ގަދައެވެ. މިއަދު އޭނާގެ ދިރިއުޅުން އެވަނީ އެކޮޅުކޮޅުން ޖެހިފައެވެ. ތަހުސީނަކީ ބައްޕަކަން އެނގުމުން ހިތަށް ލިބުނު އުފާވެރިކަން ފަޅި ސިކުންތެއްގެ ތެރޭ ނެތިގެން ދިޔައީ ޒޫރިންއަކީ ނަހަލާލު ދަރިއެއްކަން އެނގުމުންނެވެ. އޭނާއަކީ ކައިވެނިން ބޭރުގައި އުފަންވެފައިވާ ދަރިއަކަށްވާއިރު މިއަދު ޚުދު ޒޫރިން އިނީ އެ ފަދަ ދަރިއަކަށް ބަލިވެއެވެ. ކޮންމެ ވަގުތެއްގައި ވެސް އެ ދަރިފުޅު މި ދުނިޔެއަށް ނޭވާލާފާނޭކަމުގެ އިންތިޒާރުގައެވެ. ޤަބޫލުކުރަން އުނދަގޫވިޔަސް މިއަދު ޒޫރިންއާ ކުރިމަތިވެފައިވަނީ އިންސާނަކާ ކުރިމަތިވާނޭ އެންމެ ބޮޑެތި އިމްތިހާނުތަކުން އިމްތިހާނަކާއެވެ. ތަހުސީނާއި ފަރިޔާލުގެ ފަރާތުން ޒޫރިން އުފަންވިއިރު އޭނާގެ ކުށެއްނެތެވެ. މިއަދު ޒޫރިންގެ ބަނޑުން އީތަންގެ ދަރިއަކު އުފަންވާއިރު އެ ދަރިފުޅުގެ ވެސް ކުށެއްނެތެވެ. ވަށައިގެން ފެންނަމުން ދިޔަ މަންޒަރުތައް އެނބުރެން ފެށުމާއެކު ޒޫރިންގެ ލޮލަށް ފުސްކަމެއް ވެރިވަމުން ދިޔައެވެ. ކަރުނުން ދެ ލޯ ފުރިފައިވާތީއެއ ނޫނެވެ. ނަމަވެސް ނޭނގޭ ބަރުކަމެއް ބޮލަށް އިހުސާސްވަމުން އަޔަތީއެވެ.  ހުރިހާ ކަމެއް އޮއްބާލުމަށްޓަކައި ތިރީތުންފަތުގައި ދަތްއަޅާ ބާރުކޮށްލި ގޮތުން ޒޫރިންގެ ތުންފަތަށް ލޭކުލަވެރިވެގެން ދިޔައެވެ. އަދި މަޑުމަޑުން އޭނާގެ ފައިކޮޅުން ވާގިނެތި ވެއްޓެން އުޅުނެވެ.

“ރީން…” ބޭއިޚްތިޔާރުގައި ޒޫރިންއަށް ގޮވާލެވުމާއެކު ތަހުސީނު އޭނާ އަތުލަފިކޮށްލަމުން އަވަހަށް އެނދުގައި ބޭއްވިއެވެ.

“އަވަހަށް ޑޮކްޓަރަށް ގެންދަންވީނު…” ރޭޝްމާއަށް ބަލާލުމާއެކު ތަހުސީނު ބުނެލިއެވެ.

“މި ދަރިފުޅުގެ ނަސީބާމެދު އަހަރެން ހަމްދަރުދީވެ ކަރުނައަޅަން… ކޮންފަދަ ބޮޑު އަނިޔާއެއް އެ ލިބުނީ. އެއްވެސް އަންހެނަކީ ފިރިހެނެއްގެ ބީހުމަކާ ނުލާ ދަރިމައިވާނޭ އަންހެނެއްނޫން… އެކަމަކު އެ ފާފައިގައި ބަނދެވި ނިމޭއިރު މުޅި ދުނިޔެއަށް ބަދުނާމުވަނީ އަހަރެންގެ ރީން ފަދަ އަންހެންކުދިން… ވީއިރު އެ ފަދަ އަންހެންކުދިންނަށް ލިބެންވާ އިންސާފުކޮބާ… ވިޔާނުދާ ކުއްޖެއްގެ ގޮތުގައި ލޭބެލް ވެގެން ދަނީ އަންހެންދަރިން އެކަނި… ކޮބާ އަންހެންކުއްޖާއާ ބައިވެރިވި ފިރިހެންކުއްޖާގެ އަދަބު؟… އޭނާ ޒިނޭގެ ކުށުގައި ހަމަހަމަނުވަނީ ކީއްވެ؟… އަހަރެންގެ ރީން ގެއްލި އެ ދަނީ ކުރެވުނު އެންމެ ކުށެއްގެ ސަބަބުން…. ވެވުނު އެންމެ ލޯއްބެއްގެ ސަބަބުން… ތަހުސީނުގެ ތި ވާހަކަތަކަށް ރީންއަށް ކެތްނުކުރެވުނީ… އެހެންނަމަވެސް އެ ދަރިފުޅު ވަރަށް ކެތްކޮށްފި… ބަނޑުގައިވާ ދަރިފުޅަށްޓަކައި ކަށިން ހިތްވަރު ނެރުނު…”

“ރޭޝް! ރީންއަކީ އަހަރެންގެ ދަރިއަކަށްވާއިރު އެކުއްޖާއަށް އަނިޔާވެރި ވާނެތަ؟ ކުށަކީ އަހަރެންގެ ކުށް…. އެ ދަރިފުޅު މި ދުނިޔެއަށް އުފަންވީ އަހަރެންގެ ފުށުން… މުޅި އުމުރަށް ބައްޕަނެތް ކުއްޖެއް ކަމުގައި ހެދީ އަހަރެން… ކުށްވެރިއަކީ އަހަރެން… ރޭޝް! މި ދަރިފުޅު އަހަރެންގެ އަތުން ބީވިޔަ ނުދީ… އާދޭސްކުރަން…”

“ރީން… ދަރިފުޅާ!…” ރޭޝްމާ އައިސް އެނދުގެ މަގަތުގައި އިށީނދެ ޒޫރިންގެ ކޮލުގައި މަޑުމަޑުން ޖަހާލިއެވެ. ޚަބަރު ހުސްވެފައި އޮތް ޒޫރިން އެއްވެސް ހަރަކާތެއް ނުކުރިއެވެ.

އެނދުގެ އަރިމަތީގައި ހުރި ކަބަޑުގައި ބަހައްޓާފައި ހުރި ބިއްލޫރި ފެންޖަގުން ފެންތަށްޓެއް ރޭޝްމާ އެޅިއެވެ. އަދި އަތްގޮށްޓަށް ފެންފޮދެއް އަޅާލުމާއެކު ޒޫރިންގެ މޫނުގައި ފެންފޮދެއް ހާކާލަމުން ދެތިން ފަހަރަށް ޒޫރިންއަށް ގޮވާލިއެވެ. ފެންނަފެނުމަށް ފުން ނިންޖަކުން ޒޫރިން ނިދާފައި އޮތް ކަހަލައެވެ.

“ހޮސްޕިޓަލަށް ގެންދަމާ” ރޭޝްމާގެ ހަރަކާތްތަކަށް ބަލަން ހުރެފައި ތަހުސީނު ބުނެލިއެވެ.

“ހީވަނީ އަނބުރައިގަތީހެން… އިރުކޮޅަކު ބަލާލަފައި ދާނީ…” ޒޫރިންގެ މޫނަށް ބަލަން އިނދެ ރޭޝްމާ ބުނެލިއެވެ.

“މަޑުކުރާކަށް މަށަކަށް ނުފެނޭ… ބޭބީގެ ހާލު ހުރިގޮތެއް ވެސް ނޭނގެއެއްނު” ކަންބޮޑުވެފައި ހުރެ ތަހުސީނު ބުންޏެވެ.

ތަހުސީނުގެ އަޑު މިފަހަރު ރޭޝްމާއަށް އިވުނު ހެނެއް ހިޔެއްނުވެއެވެ. ޒޫރިންގެ ގައިގާ ފިރުމާލަ ފިރުމާލާ ރޭޝްމާ އިނީ ޚިޔާލަކަށް ގެއްލިފައި އިން މީހަކު ފަދައިންނެވެ.

* * * *

ޚިޔާލުތަކުގެ ތެރެއިން އީތަންއަށް ނުކުމެވުނީ އޭނާގެ ކޮނޑުގައި ޝައުން ޖެހުމުންނެވެ. އެއާއެކު އީތަންއާ ސުވާލުކުރަން ޝައުން ފެށިއެވެ. ތަހުސީނުގެ ދަރިއެއްކަމުގައި ޒޫރިން ވާންޖެހުނު ގޮތެއް ނުވިސްނިގެންނެވެ. ދެން ވެސް އީތަންއަށް ކިޔައިދޭން އެނގުނީ ތަހުސީނު އޭނާގެ ގާތުގައި ދެއްކި ވާހަކަތައް އެކަންޏެވެ.

“އެ އަންހެން މީހާއާ ތަހުސީނު ދޮންބެ އިންނަނީތަ؟” ދެ ބުމަ ކައިރިކޮށްލައިގެން ފިކުރު ބޮޑުވެފައި އިނދެ ޝައުން އަހާލިއެވެ.

“ރީންގެ ބައްޕައެއް ނުހުރޭ. އެކަން އަހަންނަށް ވެސް އެނގޭ… އެކަމަކު އަހަރެން އެއްވެސް ސުވާލެއް ނުކުރަން އޭނާއާ… އޭރު ދެން އެކަހަލަ ސުވާލުތައް އެހާ މުހިންމު ވެސް ނޫނީ… ތަހުސީނު ބޭބެ އަހަރެންގެ ސިކުނޑި ކާލާކަށް ނޫން އެ ވާހަކަތައް އެ ދެއްކީ. ޔަޤީން އެ ވާހަކައިގައި ތެދު އެކުލެވިގެންވާނޭކަން”

“އީތަން ކިހިނެއް ވިސްނާފައި އޮތީ؟” އަމިއްލަ ކޮޓަރީގައި އެނދުގެ ހުރަހަށް އުއްޑުން ވެއްޓިގަނެގެން ޝައުން އަހާލިއެވެ. އޭރު އީތަން އިނީ ހެޑްބޯޑު ކައިރީ އެނދުގައި އިށީނދެއެވެ.

“އަހަރެންގެ މޫޑު ވަރަށް ސަކަރާތް… ބޭނުންވަނީ ގެއަށް ގޮސް ނިދާލަން… އޭރުން ދެން އެކަން މަތީން ހަނދާންނެތޭނީ… އަހަރެން ހޭލާފައި ޝޯންއަށް ގުޅާނަން… އެންމެ ރަނގަޅެއްނު”

“ތަހުސީނު ދޮންބެ އެހެންކިޔާ އެއްޗެއްސަށް އަޅާލާނެކަމެއްނެތް… އެ އަންހެންމީހާގެ ހަޤީޤަތް ތަހުސީނުދޮންބެއަށް ނޭނގޭތީ އެހެން އެ އުޅެނީ، މާކަންތައް ބޮޑުވަންޏާ އަހަންނަށް ކެރޭނެ އެ އަންހެންމީހާގެ ކުރިމައްޗަށްދާން…”

“އަދި އެހިސާބަށް ކަންތައް ގެންދާކަށް ނުވެއެއްނު، މިހުރިހާކަމެއް ފެށިގެން މިއުޅެނީ ވެސް ޝޯން މަޖާކުރަން ހަދައިގެން. އަދިވެސް އެކަމާ ވިސްނާލާކަށް ނުވޭތަ. އަހަރެންގެ އެންމެ ގާތް މީހާގެ ގޮތުގައި ހުރެ ޝޯން އެހެން އުޅޭކަށް އަހަރެން ބޭނުމެއްނޫން… ދެން ތި އުޅުން ދޫކޮށްލާ… ކުށްކުރުމުގައި ތިމާ ވިޔަސް އަނެކާ ވިޔަސް ވާނީ ހަމައެއްވަރެއް. ކުރެވުނީ ކުށެއްކަން އެނގުނީމަ ޖެހޭނެ އެކަން ޤަބޫލުކުރަން… ތެދަށް ބުނަންޏާ ބުނެވޭނީ ރީންއާ މެދު ކަންތައް ކުރެވުނު ގޮތުން އަހަރެންގެ ހިތް ނުތަވަސްވެޔޭ…. ޚިޔާލު ކުރެވެނީ ރީންގެ މަތިން… މިއީ އަހަރެން ގަސްދުގައި ކުރާކަމެއްނޫން… އެކަމަކު އެ ޚިޔާލުތަކަށް އަހަންނަކަށް އަމިއްލަ ބާރެއް ނުފޯރުވޭ… ސޯ ޕްލީޒް ޝޯން… އިތުރަށް ކަންތައްތައް ގޯހުން ގޯހަށް ދިޔަނުދީ…”

އީތަންގެ ވާހަކަތުން ޝައުން ވަރަށް ހައިރާންވިއެވެ. ޒޫރިންގެ ހުރި އުނި ސިފަތައް ދައްކަން ޝައުން އެވަރަށް މަސައްކަތްކުރަނިކޮށް ވެސް އީތަންގެ ޚިޔާލުގައިވާ ޒޫރިންގެ ސޫރަ ފޮހެވިގެން ނުދިޔައެވެ. އޭގެ ބަދަލުގައި އީތަންގެ ހިތުގައި ޒޫރިންއަށްޓަކައި އިހުސާސްތަކެއް އުފެދި ވަރުގަދަވަމުން އަންނަކަން މިއަދު އެނގިއްޖެއެވެ. އީތަންގެ ހިތުގައިވާ ހުރިހާ އެއްޗެއް އޭނާ ހާމަ ނުކުރަނީ އެހެންވެކަން ވެސް ޝައުންއަށް އެނގިއްޖެއެވެ. ޒޫރިންއާ އޭނާގެ ޢާއިލާއަށް ފާޑުކިޔާނަމަ އެކަމަކީ އީތަން ހިތްހަމަޖެހޭ ކަމަކަށް ނުވެއެވެ.

* * * *

މަޑުމަޑުން ލޯ ހުޅުވާލި ޒޫރިންއަށް އެންމެ ފުރަތަމަ ވެސް ފެނުނީ ގާތުގައި އިށީނދެގެން އިން ރޭޝްމާއެވެ. އޭރު ވެސް ރޭޝްމާގެ ލޮލުން ކަރުނައިގެ އަސަރު ފާޅުވެއެވެ. ކޮޓަރިތެރެއަށް ނަޒަރު ހިންގާލިއިރު ދޮރުކައިރީ ތަހުސީނު މަޑުކޮށްލައިގެން ހުއްޓެވެ.

“ރީން… ދަރިފުޅާ…” ޒޫރިންގެ އަތުގައި ފިރުމާލަމުން ނިކަން އަވަހަށް ރޭޝްމާ ގޮވާލިއެވެ. އެ އަޑަށް ދޮރުކައިރީ ފަޓުލޫނުގެ ދެ ޖީބަށް އަތްކޮށްޕާލައިގެން އިސްޖެހިފައި ހުރި ތަހުސީނު ވެސް ބަލާލިއެވެ. އަދި ހަލުވިކޮށް އައިސް ޒޫރިންގެ ގާތުގައި އެނދުގެ މަގަތަށް ލެފިލާ ކަކޫމައްޗަށް ތިރިވެލިއެވެ. ތަހުސީނު ވެސް ލޯއްބާއިއެކު ޒޫރިންގެ ބޮލުގައި ފިރުމާލިއެވެ. އޭނާގެ ދެ ލޮލުގައިވާ ރަތްކަން ހެކި ދެމުން ދިޔައީ ތަހުސީނު ގިނައިރުތަކެއްވާންދެން ރޮއެފައި ހުރި ކަމެވެ.

“ދަރިފުޅާ ބަލައިގެން…” ޒޫރިން މަޑުމަޑުން ތެދުވަން އުޅުނު ވަގުތު ތަހުސީނަށް ބުނެލެވުނެވެ.

“ތީ ހަމަ އަޅުގަނޑު ބައްޕަތަ؟” ޒޫރިން އެނދުން ތިރިއަށް ދެފައި ތިރިކޮށްލުމާއެކު ތަހުސީނަށް ބަލާލާފައި އަހާލިއެވެ.

“އާން! މީ ހަމަ ދަރިފުޅުގެ ބައްޕަ… ދަރިފުޅުގެ ގާތަށް ކުރިން ނާދެވުނީތީ އެކަމަށް މާފަށްއެދެން. އެކަމުގެ ސަބަބުން އެތައްކަމެއް މިއަދު މިވަނީ ބަދަލުވެފައި…” ޒޫރިންގެ ބޮލުގައި ފިރުމަމުން އޭނާއަށް ބަލަން އިނދެ ތަހުސީނު ބުންޏެވެ.

“ރީންއަކީ ބައްޕަނެތް ކުއްޖަކަށް ވިޔަސް ތި އީ މި މަންމައަށް ﷲ ދެއްވި ދަރިއެއް… މިއަދު މި މަންމަގެ މުޅި ދިރިއުޅުން ބަދަލުކޮށްލައިފީމު. ދަރިފުޅުގެ ސަބަބުން މި މަންމައަށް ހެޔޮ މަގުގައި ފައިތިލަ ސާބިތުކުރެވިއްޖެ… ހެޔޮ ވިސްނުން ލިބިއްޖެ… ތި އީ މި މަންމައަށް މިންވަރުކުރެއްވި ނީޢުމަތެއް… ލެއްވި ރަޙުމަތެއް… އެއްގޮތަކަށް ވެސް ރީން ހިތާމަކުރާކަށް މަންމަ ނޭދެން. އިރާދަކުރެއްވިއްޔާ ދެރަގޮތެއް މެދުވެރިއެއްނުވާނެ… މިއަދު ދަރިފުޅު އުފާކުރަންވީ ދުނިޔޭގައި ހުއްޓާ ދަރިފުޅުގެ ބައްޕައާ ބައްދަލުވީތީ. އެ ބައްޕަ އަމިއްލައަށް އައިސް ދަރިފުޅުގެ ގާތުން މާފަށް އެދުނީތީ… ހާލަތު އިންސާނާއާ ކުރިމަތިކުރުވާ ކަންކަމަށް ކެތްނުކުރެވޭ ހިސާބަށް ވެސް ހިނގައިދާނެ… އެ ހާލަތުގައި ކޮންމެ އިންސާނަކަށް ވެސް މަގު އޮޅިދާނެ… ރީން! އެއްވެސް މަޔަކު އަދި ބަފަޔަކު ވެސް އޭނާގެ ދަރިން މަތިން ހަނދާންނުވެއެއް ނުހުންނާނެ…”

“ތީ އަޅުގަނޑުގެ މަންމައަކީ… އަޅުގަނޑުގެ ހުރިހާ ވެސް މީހަކީ…” ރޭޝްމާގެ ކޮނޑުގައި ބޯއަޅާލަމުން ޒޫރިން ބުނެލީ ނިކަން މޮޅިވެރި ގޮތަކަށެވެ.

ޒޫރިންގެ ބަސްތައް އަހާފައި ތަހުސީނަށް ވަރަށް ވެސް ފުން އަސަރުތަކަކާއިއެކު ހިތުގެ އެންމެ ފުނުގައި މޮޅިވެރިކަމުގެ އޮއެވަރެއް އުފެދިގެން ދިޔައެވެ. އެހެންނަމަވެސް އޭނާގެ ދަރިފުޅާ މެދު ހިތް ބުރައެއް ނުކުރިއެވެ. އަދި އޭނާގެ ޟަމީރު ހިތްވަރު އެލުވައެއްނުލައެވެ. ތަހުސީނު ކޮޅަށް ތެދުވެ އެއްފަރާތަށް ޖެހިލީ ޒޫރިން ތެދުވަން އުޅުނީމައެވެ. އެއާއެކު ރޭޝްމާގެ އެހީގައި ޒޫރިން ތެދުވެގެން އޭނާގެ ކޮޓަރިއަށް ދިޔައީ ތަހުސީނަށް ބަލާލުމެއްނެތިއެވެ. އަދިވެސް އެ ދަރިފުޅަށް އޭނާގެ ބައްޕައަކީ ތަހުސީނުކަން ޤަބޫލުކުރަން ބޭނުންނުވަނީ ކަންނޭނގެއެވެ.

ޓެރެސްގައި ހުރި ސަރަންފީއަށް ހަށިގަނޑު ދޫކޮށްލައިގެން ތަހުސީނު އިނެވެ. އޮއްސުނު އިރާއެކު ވަށައިގެން އަނދިރިކަން ވެރިވެފައި އޮތެވެ. ނަމަވެސް ވަށައިގެން ހުރި އިމާރާތްތަކުން ކޮންމެވެސް ވަރެއްގެ އަލިކަމެއް ވަމުން ދާތީ ތަންދޮރުވަކިވެއެވެ. އެ އަނދިރިކަން ދެނެގަތުމަށް ތަހުސީނުގެ ލޯ ނުކުޅެދެވިފައިވާ ކަހަލައެވެ. ސިކުނޑީގެ ހާސްކަން އިތުރުވެ ހިތުގެ މޮޅިވެރިކަން ނަފްސުގެ ހަމަޖެހުން ނަގާލާފައިވާއިރު އިންސާނާއަށް އޭނާގެ ވަށައިގެން ދެން ހިނގާ ކަންކަމަށް ސަމާލުކަން ދޭނީ ކިހިނެއްހެއްޔެވެ. މިވަގުތު ތަހުސީނު ވެސް އެ އިނީ އެ ފަދަ ހިތްދަތި ހާލެއްގައެވެ.

“ކަނުއަނދިރީގައި އިންނަހާ ހަޔާތް އަދި އަނދިރިއެއްނުވޭ… މިހާ ދުވަހު އަނދިރީގައި ހުރުމަށްފަހު އައްޔަށް ނުކުމެވުނީ އަދިކިރިޔާ. ރީންއަށް ވަގުތުކޮޅެއްދީ… ދެން އިތުރަށް އަމިއްލަ ނަފްސު ކުއްވެރިނުކުރޭ… ކޮންމެ އިންސާނަކަށް ވެސް ކުށެއް ކުރެވިދާނެ. އަހަންނަށް ތަހުސީނު ސިފަވީ ކުއްވެރިއެއްގެ ގޮތުގައެއްނޫން… އެއަށްވުރެ އޯގާތެރި އިންސާނެއްގެ ގޮތުގައި” ފަހަތުން އިވުނު ރޭޝްމާގެ އަޑާއެކު މުޅި ޓެރެސް އަލިވެގެން ދިޔައެވެ. އަދި މަޑު ސިކުންތުކޮޅެއްގެ ތެރޭ ތަހުސީނުގެ ކުރިމަތީ ރޭޝްމާ އައިސް ހުއްޓުނެވެ. ލުއި ހިނިތުންވުމެއް ތަހުސީނާ ބަދަލުކޮށްލުމާއެކު އެތަނުގައި ދެން ހުރި ސަރަންފީއަށް ދަމާލަމުން ތަހުސީނާ ކުރިމަތިވާ ގޮތަށް ބަހައްޓާލާފައި އިށީނެވެ.

“ރޭޝް! އަހަންނަށް ވެސް ރޭޝް ފެނުނީ ނުބައި ޢަމަލުތައް ކުރާ އަންހެނެއްގެ ގޮތުގައެއްނޫން… އަހަރެން ވަރަށް ބޭނުން ރޭޝްއާ ކައިވެނި ކުރަން… މިހެން އެކަނި ހުރެ އުމުރު ނިމިގެން ދިއުމަކަށް ނޭދެން… މިއަދު ރޭޝްއަށްވުރެ އަހަރެންގެ ހިތް އެދޭ އަންހެނަކުނެތް… އަހަރެންގެ ހުރި އުނި ސިފަތަކާއެކު ވެސް އަހަރެންގެ އަނތްބަކަށް ރޭޝް ވާނަންތަ؟” ތަހުސީނުގެ އަޑު ރޭޝްމާގެ ކަންފަތަށް އިވުމުގެ ކުރިން އޭނާގެ ހިތަށް ފޯރި ކަހަލައެވެ. ނިކަން ލޯއްބާއި އިޚްތިރާމާއެކު ސަރަންފީގެ އަތްގަނޑުގައި އަޅުވާލާފައި އޮތް ތަހުސީނުގެ ކަނާތުގައި ރޭޝްމާގެ ދެއަތުން ހިފާލިއެވެ.

“އަބަދަށް ވަފާތެރި ތެދުވެރި އަނތްބެއްގެ ގޮތުގައި ހުންނާނަންކަން ވަޢުދުވަން… އަހަރެންގެ ހިތާއި ނަފްސު ވެސް އުފަލުން ތަހުސީނު ޤަބޫލުކުރަން… އަނތްބެއްގެ ގޮތުގައި އަހަރެން އިންނާނެ ދުވަހަކީ އަހަރެންގެ ހަޔާތުގައި ލިބޭނޭ އެންމެ އަގުބޮޑު އެއް ނިޢުމަތް… އެ އަށް ވުރެ އުފާވާނޭ ދުވަހެއް ނާންނާނެ… އަހަންނަށް ޔަޤީން ރީން ވެސް ތަހުސީނު ބަލައިގަންނާނޭކަން… އެކަމަކު… ތަހުސީނު… އަހަރެން ވާހަކައެއް އަހާލަންތަ؟”

“އެކަމަކު ކިހިނެއްވީ؟ ރޭޝް ބުނި ކޮންމެ ޝަރުތެއް އަހަރެން ޤަބޫލުކުރާނަން”

“ތަހުސީނު… ފަރިޔާލު… ފަރިޔާލަށް ވެވޭ…” ރޭޝްމާގެ ވާހަކަ މެދުކަނޑާލީ އޭނާގެ އަތަށް ތަހުސީނު ފިތާލުމާއެކު ގޮނޑިން ހަށިގަނޑު ތެދުކޮށްލުމުންނެވެ.

“އަހަރެންގެ ހިތުގައި ފަރީއަށް އެއްވެސް ޝަކުވާއެއްނެތް… ފަރީ ވެސް އޭނާގެ އަމިއްލަ ދުނިޔޭގައި ހަމަޖެހިގެން އެބައުޅޭ… އޭނާއާ ކައިވެނި ކުރަން ކުރިން ވިސްނި ނަމަވެސް މިހާރު އެ ޚިޔާލު ބަދަލުވެއްޖެ… ފަހަރެއްގައި ވެސް އެއީ އަހަރެން ފަރީއަށް މާފުނުކުރާތީއެއްނޫން… އަހަރެން އެ ރަށުން އައީ ފަރީއަށް މާފުކޮށްފައި… އެކަން އޭނާގެ ގާތުގައި ހާމަކޮށްފައި… އޭނާގެ ގާތުގައި ބުނިން އަހަރެން މީހަކާ އިންނަން ވަޢުދުވެފައިވާނޭކަން… މި ހުރިހާ ދުވަހު އަހަންނަށް ފަރީ މަތިން ހަނދާންނައްތާނުލެވިގެން އުޅުނީ އަހަރެންގެ ދަރިއަކު އޭނާގެ ހުރިކަން އެނގޭތީ. ރަނގަޅުގޮތް ޚިޔާރުކުރަން ވިސްނިން… ރޭޝްއާ ކައިވެނި ކުރަން ނިންމާފައި އޭނާގެ ގާތަށް ދިޔައީ ވެސް އެހެންވެ… މިހާރު އަހަރުމެން ދެ މީހުންގެ ދެމެދުގައި އެއްވެސް ގުޅުމެއްނެތް… ދަރިފުޅު ހުރީ އަހަންނަށް ފެންނަ ހިސާބުގައި… އެ ދަރިފުޅުގެ މައްޗަށް ރައްކާތެރިވާނޭ މީހެއްގެ ހިޔާވަހީގައި… ރޭޝްއާ އިނުމަކީ ފަރީއަށް އެކަމުން ދެރައެއް ލިބޭނޭކަމެއްނޫން… އޭނާ ވެސް އޭނާ ބޭނުންވާގޮތަށް ދިރިއުޅުން ބައްޓަން ކުރަންވީ. އަހަރެން ފާޑެއް ނުކިޔާނަން، އެކަމަކު އަހަރެންގެ ދިރިއުޅުމުގެ ނިންމުން ނިންމާނީ އަހަރެން… ހަޔާތްވޭތިކުރާނޭގޮތް އެނގޭނީ އަހަންނަށް… ﷲ އިރާދަކުރެއްވިއްޔާ މި ދުނިޔެމަތިން އަހަރެން އަނތްބެއްގެ ގޮތުގައި ޚިޔާރު ކުރާނީ ރޭޝް”

“އަހަންނަށްވުރެ ތަހުސީނަށް ހައްޤުކަން ބޮޑީ ފަރިޔާލުކަމުގައި ހީވެފައި އޮތީމާ… އަހާލެވުނީ…”

“އެއީ މައްސަލައެއްނޫން… އަހަންނަށް ރޭޝްގެ ގާތުގައި ނުދެއްކޭނޭ އެއްވެސް ވާހަކައެއް ނޯންނާނެ. އެހާ ވެސް އިތުބާރު ކުރަމޭ މިބުނީ…” ތަހުސީނުގެ ޖުމްލަތަކުން ރޭޝްމާގެ ތުންފަތުގައި ހިތްހަމަޖެހުމުގެ ހިނިތުންވުމެއް ދުވެލިއެވެ.

“ދެން ތިހެން ނީނދެ ދޭ ނަމާދުކޮށްލަން. މަޤުރިބު ނަމާދަށް ގޮވާ ހިނގައްޖެއެއްނު… މަ ވެސް ރީން ގޮވައިގެން ނަމާދަށް އަރަން އުޅެފައި ތަހުސީނު ވީތަނެއް ބަލާލީ… މިރޭ ކައިގެން އިނގޭ ދާނީ”

“އާން…”

ރޭޝްމާ ތެދުވެގެން ގޭތެރެއަށް ހިނގައިގަތުމުން ތަހުސީނު ވެސް ތެދުވެގެން އައެވެ. ގޭތެރެއަށް ވަދެ ޓެރެސްއަށް ނުކުމެވެން ހުރި ދޮރު ލައްޕާލުމުން ރޭޝްމާ އެނބުރި ތަހުސީނަށް ގޮވާލާފައި ގޭގެ ދޮރޯށީގެ ތަޅުދަނޑި ނަގައިގެން ދިއުމަށް ބުނެލިއެވެ. ތަހުސީނު ބޯޖަހާލާފައި ތިރިއަށް ދިއުމަށް ހިނގައިގަތް އިރު ރޭޝްމާ ގޮސް ޒޫރިންގެ ކޮޓަރިއަށް ވަންނަނީއެވެ.

ރޭގަނޑުގެ ކެއުމުގައި ޢާއިލާގެ ހުރިހާ މެންބަރުން ބައިވެރިވަމުން ދިޔައިރު އީތަން އިނީ ހިމޭނުންނެވެ. އޭނާއަށް އެންމެ މީރު ޑެވިލްޑް ބީފް ހަދާފައި ހުރި އިރު ވެސް ކެއުމުގެ ފޯރިއެއްނެތެވެ. އެއްއަތަށް ރޮށްޓެއް ލައިގެން އިނދެ އަނެއްއަތުން އެ ރޮށިން ކުޑައެތި ކޮޅެއް ވަކިކޮށްލާ ކުރިމަތީ ހުރި ތަށްޓަށް އަޅާފައި ހުރި ބީފްކޮޅުގައި ޖައްސާލައިގެން ހާވަން އިނެވެ.

“ދަރިފުޅާ! ފިޔާ ކޮޅުކޮޅު ހޮވަނީތަ؟” ރާބިއާ އިނދެފައި އަހާލިއެވެ. އެއާއެކު އީތަން ފުރަތަމަ ވެސް ބަލާލީ ސުފިޔާނަށެވެ. އޭނާގެ ސަމާލުކަން އީތަންއަށް ހުއްޓިފައި ހުރި ތޯ އެވެ. އެއަށްފަހު ރާބިއާއަށް ބަލާލާފައި ދެ ފަރާތަށް ބޯހޫރާލިއެވެ.

“ދެން އެހެންވީރު ކޯއްޗެއް ތި ތަށިން ތި ހޯދަނީ…”

“އީތަން، ނުހާވާ ނިކަން އަވަހަށް ކާލަބަލަ… ކާއެއްޗެހި ގިނައިރު ހާވަން އިންނާކަށް ނުވާނެ” ރާބިއާގެ ވާހަކަ ނިމުނުތަނާހެން ހަމްރާ ބުނެލިއެވެ.

“ހުރިހާ ކަމެއް ވެސް ބޮޑު ސަކަރާތަކަށް ހަދާތި އިނގޭ” ކުއްލިއަކަށް ސުފިޔާނުގެ ހަރުކަށި ބަސްތައް އިވިގެންދިޔައެވެ. އެއާއެކު އީތަންގެ ހަރަކާތްތަކަށް ބަދަލު އަތުވެއްޖެއެވެ. އޭނާ އަތްމަތި އަވަސްކޮށް ކާންފެށިއެވެ.

މޭޒު ދޮށުން ފުރަތަމަ ތެދުވެގެން ދިޔައީ އައިނީއެވެ. އޭނާގެ ޑިއުޓީއަށް ދާން ގަޑިޖެހެނީއޭ ކިޔަމުންނެވެ. އައިދަން ކައި ނިންމާފައި ރީތިކޮށް އުލާއި ސަމްސާ ބަންޑުން ތަށީގައި ބާއްވާފައި ފެންތަށި ބޯލައިގެން ދިޔައީ އޭނާ ވެސް މީޓިންއަކަށް ދާންޖެހޭ ކަމުގައި ބުނަމުންނެވެ.

“ކޮންކަމަކު އޮފީހުން ނަގައިގެން އުޅޭ ޗުއްޓީއެއްތަ ތީ” ކައި ނިންމާލާފައި ހަމަޖެހިލައިގެން އިނދެ ޖޫސްތަށި ބޮމުން ސުފިޔާނު ވާހަކަދެއްކިއެވެ. އެއާއެކު އީތަންއަށް އެއްޗެއް ނުބުނެވެނީސް ރާބިއާ ވާހަކަދައްކަން ފެށީ އީތަންގެ ބަދަލުގައި ހާޟިރުވެ އިން މީހަކު ފަދައިންނެވެ.

“ޗުއްޓީއަކީ ކޮންމެ މީހަކު ވެސް ނަގަން ހަމަޖެހިފައި އޮންނަ އެއްޗެއްނު. ކޮންމެހެން ކަމެއް ވެގެން ނޫނަސް ޗުއްޓީގައި ހުރެވިދާނެއެއްނު… ވެދާނެއެއްނު އޮފީހުގައި ބުރަކޮށް އުޅެފައި އަރާމުކޮށްލަން އީތަން ބޭނުންވަނީ ކަމަށް… ދޯ އީތަން…”

“އަރާމު ނުކުރާށެކޭ މަށެއްނުބުނަން… އެކަމަކު އީތަންއަށް އެނގޭތަ ތި އުޅެވޭގޮތް. މީހަކާ އިންނަން ބޭނުންވަންޏާ ގިނަ ދުވަސްނުކޮށް އިންނަންވީ… މި ވާހަކަ އީތަންއަށް ވިސްނޭތޯ މަޑުކުރެއްވިއްޖެ، އެކަމަކު ބައްޕައަށް ހިޔެއްނުވޭ އީތަން ކުޑަކޮށް ވެސް އެއިން ކަމަކާ ވިސްނާހެނެއް… ތެދަށް ބުނަންޏާ އަހަރެން ނޫނީ މިގޭ އެކަކު ވެސް އެކަމާ މެދު ވިސްނާހެނެއް ހިޔެއްނުވޭ… މީހުން ފާޑުފާޑުގެ ވާހަކަ ދައްކާނޭކަން އީތަންއަށް ނޭނގޭތަ؟ އަބަދުވެސް މިބުނަނީ ކައިވެންޏަކާ ހަމައަށް ދާންވާނީ ވަރަށް ޔަޤީންކަމާއެކު ތިމާ ވެސް އެކަމަށް ބޭނުންވެގެން އެގޮތަށް ނިންމައިގެންނޭ… މިހާރު ކަންތައްވެފައި އޮތް ގޮތުން ކާމިލުމެންނާ މޫނު ދިމާކޮށްލަން ނުކެރޭ…”

ސުފިޔާނުގެ ވާހަކައަށް އެކަކު ވެސް އެއްޗެއް ނުބުނުމުން އޭނާގެ ވާހަކަތައް ކުރިއަށް ގެންދެވޭގޮތެއް ނުވިއެވެ. އެހެންވެ ހިތުގައި އޮތް އެއްޗެއް ބޭރުކޮށްލާފައި ކާމޭޒު ދޮށުން ތެދުވެގެން ދިޔައީއެވެ. މަޑުމަޑުން އިން އީތަން ތެދުވީ ސުފިޔާނު ނުކުތުމުންނެވެ. އެހެންނަމަވެސް އޭނާ ހުއްޓުވީ ރާބިއާއެވެ.

“އީތަން! ބައްޕަ އެ ދެއްކެވީ މުޅިއަކުން ގޯސް ވާހަކައެއް ނޫންކަން އެނގޭ ދޯ… މާމަ އެ އެކަމާ ގުޅިގެން ސުވާލެއް ނުކުރިޔަސް މި ހުންނަނީ ވަރަށް ކަންތައްބޮޑުވެފައި… އަޅެ ބުނެބަލަ… ކީއްވެތަ ކައިވެނި ފަސް ކުރީ. އެއްވެސް ވަރަކަށް ވިސްނައިފިންތަ ކައިވެނި ކުރާނޭ ތާރީޚަކާ މެދު…. މާމައަށް ވެސް މިހާރު ރަނގަޅީ އީތަން އާއި ޖަޒްލާއާ ދެ ކުދިން ކައިވެނިކުރީވިއްޔާ”

“އަޅުގަނޑު ކައިވެނި ކުރާނަމޭ…” އީތަންގެ އަޑުގައި ހުރި ފަރުވާކުޑަގޮތް ރާބިއާއަށް ނަގައިގަންނާކަށް އުނދަގުލެއްނުވިއެވެ.

“ތިހެން ބުނީމާ މާމައަށް އެއްވެސް އިތުބާރެއްނެތް މި ކައިވެނި ދެން ކުރެވޭނެކަން ވެސް…”

“ޖަޒްލާއާ ދެ ކުދިން އަނެއްކާ ދެބަސްވީތަ؟ މި ދެމީހުންގެ ގޮތެއް ވެސް ނޭނގޭނެ…. ކުޑަ ދެ ކުދިންހެން ހީވާނީ. މިހާރު އަބަދު ފެންނަނީ ޝައުންއާއެކީ އުޅޭތަން… ނޫނީ ދެން އޮންނާނީ ގޭގައި… ޖަޒްލާގެ ގާތަށް އެއްގޮތަކަށް ވެސް ނުދަނީތަ؟” ތަށިތައް ނެގުމުގައި ގޭގައި ގެންގުޅޭ މީހާއަށް އެހީވަމުން ދިޔަ ހަމްރާ ބުނެލިއެވެ.

“ކައިވެނި ކުރަންވީމާ ކުރާނަން… އަދި ނޭނގެ… ޕްލީޒް މަންމާ… ދެން ތި ވާހަކަ ނުދައްކަބަލަ… މާމާ، އަޅުގަނޑު ތާރީޚެއް ކަނޑައެޅުނީމާ އެންމެ ފުރަތަމަ ވެސް އައިސް ބުނާނީ މާމަ ގާތުގައި… އެންމެ ރަނގަޅެއްނު… އެހެންނޫނަސް ތެޅިފޮޅިގަނެގެން މީހަކާ އިންނާކަށް ނުވޭހެން އަޅުގަނޑަށް ހީވަނީ… ޅީ ދަރިފުޅު ގެއަށް އައިސް އުޅޭ ގޮތް ކަމު ނުގޮސްފިއްޔާ އެކަމާ ފާޑުކިޔަން ވެސް ތިބޭނީ ހަމަ މަންމަ އާއި މާމަ…. އެހެންވީމަ ބައްޕަ ބުނި ވާހަކައާ ވެސް އެއްބަސްވާން އެބަޖެހޭ… ކައިވެނީގެ ނިންމުން ނިންމަން ވާނީ ވަރަށް ވިސްނާފައި” އީތަންއަށް ރާބިއާ އާއި ހަމްރާގެ ގާތުން ކުރި ނުލިބޭނޭހެން ހީވުމުން ވާހަކަދެއްކުމުގެ މުޅި ރާގު ބަދަލުކޮށްލިއެވެ. ސަމާސާ ގޮތަކަށް ވާހަކަދެއްކުމުން ރާބިއާ އާއި ހަމްރާގެ ކައިރިއަށް ހިނިއައެވެ.

“ލާނެތްކަން އެބަހުރި…” ހީނލާފައި ހަމްރާ ބުނެލިއެވެ.

“ޅީ ދަރިފުޅު ކަމުނުދާންވީ ކީއްވެ؟ ބަލަ އެއްއިރެއްގައި މާމަ ގާތުގައި ޅީ ދަރިފުޅުގެ ރަނގަޅުވާހަކަ ދެއްކި ހަނދާން އީތަން ނެތުނީތަ؟” ރާބިއާ ވެސް ކޮށްލީ ސަމާސާއެވެ. އެއާއެކު ހިނިގަނޑަކުން ފުއްދާލަމުން އީތަން މަޑުމަޑުން ތެދުވެގެން ބަދިގެފަރާތުން ނުކުމެއްޖެއެވެ.

“ހަމްރާ، ފާހަގައެއް ނުކުރެވޭތަ އީތަން ތަފާތުހެން…. ވަރަށް ވިސްނާ ފިކުރުކުރާހެން ހީވޭ. މިހާރު ކުރިން އަންނަހެން ވާހަކަދައްކާލާކަށް ވެސް ނާދޭ…. މަންމަ ދިޔަޔަސް އަބަދުވެސް އުޅޭނީ އަވަދިނެތިގެން އުޅޭ މީހަކުހެން. އީތަން އަހަރުމެންނަށް ކަމެއް ސިއްރުކުރަނީބާއޭ ވެސް ހިތަށް އަރާ…. ޔަޤީނުން ވެސް މިފަހަރު ޖަޒްލާއާ ޖެހިގެން އެ އުޅެނީ ކުޑަ މައްސަލައެއްނޫން” އީތަން ނުކުމެގެން ދިޔަތަން ބަލަން އިން ރާބިއާގެ ތުންފަތުގައިވި ހިނިތުންވުން ގެއްލުނެވެ.

“އަޅުގަނޑަށް ވެސް ހީވޭ ތިޔަހެން… ބުނަން ނުކެރެކޭ ކަހަލަ ވާހަކައަކީ ކަންނޭނގެ. އެހެންވެ ކަންނޭނގެ އެހާ ސިއްރުވެރި ގޮތަކަށް އެ އުޅެނީ. އެއްކޮށް ވަކިވާން ޚިޔާލުކޮށްފާނޭތީ ވެސް ކަންބޮޑުވޭ… އެކަމަކު އެކުއްޖަކަށް އެނގޭނީ އޭނާ ގުޅޭނޭ މީހަކު. ދެ ޚިޔާލުގެ ދެ ފިކުރުގެ މީހަކަށް އެކުގައި އުޅެވޭނީ ކޮންމެވެސް އެކަކު ގޮތް ދޫކޮށްގެން… އެހެންނޫނީ ރަނގަޅުވާނީ ކައިވެންޏެއްކޮށް ދަރިން ނުލިބެނީސް އަވަހަށް އެ ގުޅުން ހުއްޓާލުން” ނުތަނަވަސްކަމުގެ އަސަރުތައް ވެރިވެގެން ދިޔަ ހަމްރާ އޭނާގެ ޚިޔާލު ފާޅުކުރިއެވެ.

ކޮޓަރިއަށް ވަދެވުމާއެކު އަވަހަށް ދޮރުލައްޕާލާފައި ފުންނޭވާއެއް އީތަން ބޭރުކޮށްލިއެވެ. ދަތިދޭތެރެއަކުން މީހާއަށް ދެމިގަނެވި މިނިވަންވީ ކަހަލައެވެ. މަޑުމަޑުން އައިސް އެނދުގައި އުއްޑުން އޮށޯވެލަމުން ބޯދަށަށް ވައަތް ލައްވާލަމުން ކަނާތް މޭމަތީ ބާއްވާލިއެވެ.

“ކީއްވެތަ ރީން ދުށުމަށް މި ހިތް އެދެނީ… ރީންގެ ބައްޕައަށް ތަހުސީނު ބޭބެ ވާންޖެހުނީ ކީއްވެބާ؟ ކޮން ހާލެއްގައިބާ ރީން އުޅެނީ… ކައިވެނިކުރަން އެރޭ ނުދިއުމުން ރީން އަހަންނަށް ދުވަހަކު ވެސް މާފެއްނުކުރާނެ. އެކަމަކު ކީއްވެ ރީން އަހަރެންދެކެ އެހާ ލޯބިވާންވީ… އަހަރެން… އަހަރެން އަންހެންކުއްޖަކަށް ބަލާލިޔަސް މިހާރު ހިތަށް އަރަނީ ރީން މަތިން… ޖޭޒްއާއެކު އެތަކެއް އަހަރު ހޭދަވެގެން ދިޔައިރު ނުކެރުވުނު ގާތްކަމާއި އުފާވެރިކަން ކުޑަކުޑަ ދުވަސްކޮޅެއްގެ ތެރޭ ރީންއާއެކު އިހުސާސް ކުރެވުނު. ޤަބޫލުކުރަން ދަތި ހުވަފެނެއް ކަހަލަ… ތަހުސީނު ބޭބެ ކޮންމެ ގޮތަކަށް ދުށް ނަމަވެސް އަހަރެން ވަކި ރީންއަށް ލިބެން އުޅޭ ކުއްޖާއާ މެދު ނުވިސްނާނެތަ؟ އަހަންނަށްވުރެ ބޮޑަށް އެއީ އަހަރެންގެ ދަރިއެއްކަން ކަށަވަރުވާނޭ މީހަކު ނުހުންނާނެ… އެ ނާޒުކު މަލެއްފަދަ އަންހެންކުއްޖާގެ ފިޔަތަކާ ކުޅެލި ފުރަތަމަ މީހަކީ އަހަރެން… ގަސްދަކާ ނުލާ ހިނގައިދިޔަ ކަމެއް ކަމުގައި އެކަން ވިޔަސް، އަހަރެން އެކަމަށް ރީން ކުއްވެރިއެއްނުކުރާނަން… އޭރު ވެސް އޭނާ ލޯބިވާކަން އެތައް ގޮތަކުން ހާމަކުރި… އާން! އަހަރެން… އަހަރެން އަމިއްލައަށް ނުފެންނަ ކަމަށް ހެދީ… އަޑު ނޭހުމަށް ދެ ކަންފަތް ބަންދުކުރީ… ކަރުގަނޑުން ފޮނިބޯނެ ވަރަކަށް ފޮނިބޯލުމަށްފަހު މަލުގެ ފިޔަތައް ރޫޅިގެން ދިޔަ ވަގުތު އެނގޭކަމަށް ވެސް ހަދާނުލާ ފިލަން ދުވީ… އިންސާނިއްޔަތުކަމުގެ ޒަރެއް ވެސް އެވަގުތު އަހަރެންގެ ނެތީ… މިއަދު އަހަރެންގެ ޢަމަލުތަކާ މެދު ދެރަވޭ… ރީންއަށް އެހާލު ޖެއްސުނީތީ އަމިއްލަ ޟަމީރު ވެސް މިއަދު މަލާމާތްކުރޭ… ޖޭޒްގެ ހަނދާންތަކަށްވުރެ ވުރެ އަހަރެންގެ ސިކުނޑި އާއި ހިތުގައި ބިންވަޅު ނެގުނު ރީންގެ ހަނދާންތައް މާ ގިނަ… އެ ސޫރަ ދުށުމަށް މާ ބޮޑަށް ވެސް ހިތްއެދޭ…” ނަފްސުގެ އަޑުލުމުގެ ތެރެއިން އީތަން ދެ ލޯ މަރާލިއެވެ. މަޑުމަޑުން މޭމަތީ ބާއްވާލާފައި އޮތް އަތުން މޭގައި ފިރުމާލިއެވެ.

ވަގުތުގެ ދުވެއްޔާއެކު ދިރިއުޅުމުގެ ދުވަސްތައް ފާއިތުވަމުން ދެއެވެ. ތަފާތު ކުލަތަކުގެ މަންޒަރުތައް ފެނި ގެއްލެމުންދެއެވެ. ތޫފާނުތައް އާދެއެވެ. ހައިޖާނު އުފެދެއެވެ. އިންސާނާގެ ނިކަމެތި ހިތައް ކެތްކުރަން ދަތި އެތައް ކަމެއް މި ދުނިޔެ ކުރިމަތި ކުރުވައެވެ. އެކަމަކު ދިރިއުޅުމުގެ ދުވެއްޔަށް ހުއްޓުމެއްނާދެއެވެ. ހަށިގަނޑުގައި ނޭވާ ހިނގާހާ ހިނދަކުއެވެ. ދުނިޔެ ތިމާއަށް ދަސްކޮށްދޭ ފިލާވަޅުތަކުން އިބްރަތް ލިބިގަތުމާއެކު ކެތްތެރިވުމުގެ މާތް ސިފަ ޚިޔާރުކުރުންވަނީ ބުއްދުވެރިންގެ ނިންމުމުގެ ތެރެއިންނެވެ.

ކުޑަދޮރުގެ ފަރުދާ އެއްފަރާތްކޮށްލުމާއެކު ހާމަކޮށް އޮތް ޓެރެސްއަށް ޒޫރިންގެ ނަޒަރު ހުއްޓުނެވެ. އިރުއެރުމުގެ ނިޝާންތައް އުޑުމަތިން ފެންނަމުން ދިޔައެވެ. ފަތިސް ނަމާދަށް ފަހު އަރާމުކޮށްލަން އެނދުގައި ޖައްސާލުމުން ވެސް މިއަދު ޒޫރިންއަށް ހަމަޖެހިލެވޭގޮތެއް ނުވިއެވެ. ހާލަތަށް ބޯލަބައިގެން ދިރިއުޅުމުގައި ހަމަޖެހުމުގެ ގިރިޓީ ކޮށްފައިވީ ނަމަވެސް މިއަދު އޭނާގެ ހިތަށް ތުނޑުތޫނު ކަށިތަކެއް ހެރޭ ފަދަ ތަދެއް އިހުސާސް ކުރެވޭ ދުވަހެކެވެ. ރޭގައި ފެނުނު ނުބައި ހުވަފެން އޭނާގެ ހިތް ބިރުގަންނަވަނީއެވެ. ސިކުނޑިން އެ މަންޒަރުތައް ފޮހެވިގެން ނުދިޔައެވެ. ވަޅުވަދެފައިވާ ޒޫރިންގެ ބޮޑު ދެ ލޯ މަރާލި ވަގުތު އެ ދިގު އެސްފިޔަތައް ތެމިގެން ދިޔައެވެ.

“އަނދިރީގެ ތެރެއިން އެ ހުޅުކޮޅު ފާޅުނުވަނީސް ނިވެނީތަ؟ ކޮންފަދަ ބޮޑު އަނިޔާއެއް… އީތަން ދެކެ ވީ ލޯބީގައި އެޅި މޭވާ ނެތިގެންދަނީތަ؟ ސުބުޙާނައްﷲ! އެއީ ނުބައި ހުވަފެނެއް… ޝައިތާނާގެ ނުބައި ވަސްވާހެއް… އެފަދަ ބޮޑު ހިތްދަތިކަމެއް ﷲ މި އަޅާއަށް މިންވަރު ނުކުރައްވާށި…” ތުންފިއްތާލުމާއެކު ލައިގެން ހުރި ސުވެޓަރުގެ މަތިން މޭގައި ދެއަތް ޖައްސާ ބާރުކޮށްލަމުން ކުރިއަށްވުރެ ބޮޑަށް ޒޫރިންގެ ދެ ލޯ ތަގުޅިކޮށްލިއެވެ. ހިމަ ދިގު ސާފު ފެންއާރެއް ފަދައިން ދެ ކޯތާފަތުން ވޭނީ ކަރުނަ ފައިބަން ފެށިއެވެ. އެހެންނަމަވެސް ގިނައިރަކު ރޯކަށް ޒޫރިން ނުހުއްޓެވެ. ލީ ފުންނޭވާއާއެކު ދެ އަތުން ދެ ކޯތާފަތާއި ލޯ ފުހެލައިފިއެވެ.

މަޑުމަޑުން ކައިރިކައިރީގައި އަޅަމުން ދިޔަ ފިޔަވަޅުތަކާއެކު ޒޫރިން ޓެރެސްއަށް އައެވެ. ޓެރެސްގެ ރެއިލިންގައި ދެއަތުން ހިފަހައްޓާލުމާއެކު ފަޒާގައިވާ ފިނިރޯޅިތަކުން މޭ ފުރާލިއެވެ. ލޯތްބާއެކު ބަނޑުގައި ކަނާތުން ފިރުމާލަމުން ޒޫރިން ވައި އަޑުން ވާހަކަދެއްކިއެވެ.

“ދަރިފުޅާ… މި ދުނިޔެއަށް ދަރިފުޅު އުފަންކުރި ކަމުގައި ވިޔަސް… ބައްޕައަކު ހޯދައެއް ނުދެވޭނެ… ދުވަހަކު ވެސް މަންމަގެ ގާތުގައި ބައްޕަ ގެނެސްދޭން ނުބުނައްޗޭ… މި މަންމައަކީ ވަރަށް ނިކަމެތި އަންހެނަކީމު… ޚުދު މަންމައަކީ ވެސް ބައްޕަނެތް ކުއްޖެއްގެ ގޮތުގައި އުފަންވެފައިވާ އަންހެނެއް… ދަރިފުޅު މި މަންމައަށް މާފުކޮށްދެއްޗޭ… މި މަންމައަށް ވެވުނު ފަދަ ލޯތްބެއް ދަރިފުޅު ދުވަހަކު ވެސް ނުވައްޗޭ އިނގޭ… ހަޤީޤީ ލޯތްބަކީ ކޮބައިކަން އޭރު ނޭނގުނީ… ދަރިފުޅަކީ ބައްޕަނެތް ކުއްޖެއްކަމުގައި ވިޔަސް ދަރިފުޅު އުފަންވާންޖެހުނީ އީތަންގެ ސަބަބުން… އީތަން ދަރިފުޅު ބޭނުން ނުވިޔަސް މި މަންމަ ތި ދަރިފުޅު ބޭނުން… މަންމައާ ވަކިވެގެން ނުދައްޗޭ އިނގޭ… ދަރިފުޅު އުޅޭ ގޮތުން މަންމައަށް އެނގޭ މިހާރު ބޭނުންވަނީ މަންމަގެ އަތުތެރޭގައި އޮންނަންކަން… މަންމަ ވެސް ދަރިފުޅުގެ މޫނު ދެކިލާހިތުން ކެތްނުވޭ… އާހް!……” ޒޫރިން ދައްކަމުން ދިޔަ ވާހަކަ މެދުކެނޑުނީ ބަނޑުގައި ދަރިފުޅު ތޮޅިލި ގޮތަކުންނެވެ. ލައިގެން ހުރި ސުވެޓަރު މައްޗަށް ހިއްލާލަމުން ބަނޑުގައި އަތްހާކާލިއިރު ކުޑަދަރިފުޅުގެ އަތްތިލަ އަރާފައި ހުއްޓެވެ. ބޭއިޚްތިޔާރުގައި ހިނިތުންވެލުމާއެކު ދަރިފުޅުގެ އަތްތިލާގައި ބަނޑުމަތިން އަތްޖައްސާލިއެވެ. ކުރިއަށްވުރެ ބޮޑަށް ދަރިފުޅުގެ އަތްތިލަ ބަނޑުގައި ވިއްދާލިއެވެ. އެއާއެކު ޒޫރިންއަށް މަޑުމަޑުން ހީނލެވުނެވެ. އަދި ނިކަން ލޯބިން ދަރިފުޅަށް ގޮވާލިއެވެ.

* * * *

“ދަރިފުޅާ! ޖަޒްލާ… އޭތް! ބަލަ ދެން ތެދުވޭ…” އިނާޔާ އައިސް ޖަޒްލާގެ ކޮޓަރިތެރެ ތަރުތީބު ކުރަމުން ޖަޒްލާއަށް ގޮވާ ގޮވާ ނުތެދުވުމާއެކު އައިސް ދަރިފުޅުގެ ގައިގާ ކޮއްޓާލިއެވެ.

“ހޭލައޭ މިއޮތީ މަންމާ” ނިދިބަރުކަމާއެކު ޖަޒްލާގެ އަޑުއިވުނެވެ.

“ރޭގަ ކޮންއިރަކު ގެއަށް އައީ؟” އިނާޔާ ކޮޓަރިތެރޭގެ އެކި ދިމަ ދިމާއަށް އުކާފައި ހުރި އަންނައުތުތައް ނަގާ ތަރުތީބު ކުރަމުން ސުވާލުކުރިއެވެ.

“ނޭނގެ…” ފަރުވާކުޑަގޮތަކަށް ޖަޒްލާ ބުނެލިއެވެ.

“ޖަޒްލާއާ ވާހަކަދައްކަން ބޭނުންވެފައި މަންމަ މި ހުންނަނީ… ހޭލައިފިއްޔާ ދޭ ބަލަ ފާޚާނާއަށް. ދަރިފުޅާއެކު ސައިބޯން މަންމަ އަދި މިހިރީ ސައިނުބޮއެ”

“ގަޑިން ކިހާއިރެއްތަވީ” އެނދުގައި ހިރިލަން ވެސް ބޭނުންނުވެފައި އޮވެ ޖަޒްލާ އަހާލިއެވެ.

“ނުވައެއް ޖަހަނީ… އެނގޭ ޖަޒްލާ އާންމުކޮށް ތެދުވާ ގަޑިއަށްވުރެ އަވަސްކަން… އެހެންނަމަވެސް މިއަދު ދެން ތެދުވޭ… ދެން ދޭ ފާޚާނާއަށް ވަދެ ފެންވަރާ ތާޒާވެލައިގެން އަންނަން. މިއޮއް ކޮޓަރިއެއް ވެސް ބަލާބަލަ… ސައުދިއްޔާ ސާފުކުރާއިރު އެއްގޮތަކަށް ވެސް މިކޮޓަރިއަށް ވަންނަން ޖަޒްލާ ޤަބޫލުނޫން ވާހަކަ އޭނާ އޮތީ ބުނެފައި. އެއީ ކީއްވެތަ؟ ނިދާތަންވިއްޔާ މީ… ސާފުކުރަން ވާނެއެއްނު…. އަމިއްލައަށް ނުވާތަނުގައި މީހަކު އެކަން ކޮށްދޭން ވެސް ޖަޒްލާ ޤަބޫލުނުވާންވީ ކީއްވެތަ؟…”

އިނާޔާގެ ވާހަކަތަކުން ޖަޒްލާއަށް އުނދަގޫވިއެވެ. އިތުރަށް އެ އަޑުތައް ނޭހުމަށް ބަހަނާއެއް ދެއްކުމުގެ ބަދަލުގައި ޖަޒްލާ ޚިޔާރުކުރީ އެނދުން ތެދުވެގެން ފާޚާނާއަށް ވަންނާށެވެ. އެމަންޒަރު ފެނުމުން އިނާޔާ ތުންފަތަށް ހިތްހަމަޖެހުމުގެ ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. އަދި އަތްމަތި އަވަސްކޮށްލާފައި ކޮޓަރިތެރެ ހަމައަކަށް އަޅުވާލިއެވެ. ދެން އަވަސްވެ ގަތީ ދަރިފުޅު ތައްޔާރުވެގެން އަންނަންވާއިރަށް ކާކޮޓަރީގައި ސައިތައްޔާރުކުރެވޭތޯއެވެ.

ހެނދުނުގެ ވަގުތަކީ ގޭތެރެއަށް ފަޅުކަމެއް ވެރިވެފައި އޮންނަ ވަގުތެކެވެ. ކާމިލާއި ޖަލާލު ވާނީ އޮފީހުގައެވެ. ނައޫފް އުޅޭނީ ޓިއުޝަން ކުލާހުގައެވެ. ހަލަބޮލިކަމެއް ގޭތެރެއަށް އަންނާނީ ދިހަގަޑިބައިގެ ފަހުން ނައޫފް ގެއަށް އައީމައެވެ. ގޭތެރޭގައި ކުރަން ހުންނަ ކަންކަން އޭގެ ކުރީގައި އަވަހަށްކޮށް ނިންމާލެވޭތޯ އިނާޔާ ބަލަނީ އެހެންވެއެވެ. ނައޫފް ގެއަށް އައުމަށްފަހު ހަލަނިކަން އެހާ ބޮޑުވާނެއެވެ.

ކާމޭޒު ކައިރީ އިނާޔާ ހުރި އިރު ގޭގައި ގެންގުޅޭ މީހާ އޭނާއަށް އަތްގާތްކޮށްދެއްމުން ދިޔައެވެ. ކާމިލުމެން ސައިބޮއެގެން ދިޔަތާ ގަޑިއެއްގެ އިރަށްވުރެ ވެސް ގިނައިރު ވެގެން ދިޔައިރު ސުފުރާމަތިން ތަށިތައްނުނަގާ ހުރީ އިނާޔާ ސައިނުބޯތީއާއެކު އޭނާގެ އެދުމަށެވެ. އެހެންވެ ނޯކަރު ކުއްޖާ އިނާޔާގެ އެދުމަށް ބައެއް ތަށިތައް ސުފުރާމަތިން އުނިކުރުމާއެކު ޖަޒްލާގެ ޚާއްޞަ މަގު ގެނެސް މޭޒުމަތީ ބެހެއްޓިއެވެ. އެއާއެކު އިނާޔާ ދެން އެދުނީ ޖަޒްލާ އަންނަލެއް ލަސްވެގެން އޭނާ ކޮބައިތޯ ބެލުމަށް ނޯކަރުކުއްޖާ ދިއުމަށެވެ.

ޖަޒްލާ އައިސް ކާމޭޒު ދޮށުގައި އިށީނުމުގެ ބަދަލުގައި އޭނާ އާންމުކޮށް ކޮފީ ބޯން ގެންގުޅޭ މަގު ހިފައިގެން ކޮފީ މެޝިނު ކައިރިއަށް ޖެހިލިއެވެ. ވަގުތުން މުޅި ކާކޮޓަރިތެރެ އެއްވަސްވެގެން ދިޔައީ ލަވާޒާގެ މަސްތުކުރުވަނިވި ވަހުންނެވެ.

“އެންމެ ދުވަހަކު ވެސް ކޮފީ ބުއިމުގެ ބަދަލުގައި އައިސް މިތަނުން ޖޫސްތައްޓެއް ބޯލަބަލަ…” ކޮފީމަގު ކާމޭޒުމަތީ ބަހައްޓާފައި ކުޑަޖަގުގައި ހުރި ކިރު ހޫނުކުރަން ޖަޒްލާ އުޅެނިކޮށް އިނާޔާ ބުނެލިއެވެ. އެ އަޑު އިވުނު ކަމަކަށް ޖަޒްލާ ނުހެދިއެވެ. އިނާޔާ ހިމޭންކަން ޚިޔާރުކުރީ ޖަޒްލާ އެ ކުރާ ކަމެއްކޮށްގެން އައިސް ކާމޭޒު ދޮށުގައި އިށީންނަން ދެނެވެ. އޭނާ އިށީނދެ ޓޯސްޓުކޮށްފައި އޮތް ދެ ޕާންފޮތި ނަގާ ތައްޓަށް ލުމުން އިނާޔާ ވެސް ކާން ތައްޔާރުވެލިއެވެ.

“ޖަޒްލާގެ ދިރިއުޅުމަށް ބަދަލުތަކެއް އަތުވެއްޖަކަން މަންމައަށް ފާހަގަ ކުރެވޭތީ އެކަމާ ވާހަކަދައްކާލަން ބޭނުންވަނީ… އީތަން އާއި ޖަޒްލާއާ ދެމެދުގައި ޖެހުނީ ކޮންމައްސަލައެއްކަމެއް މަންމައަކަށް ނޭނގޭ. އޭގެ ބަދަލުގައި މިހާރު އަބަދު ފެންނަނީ ކައިލަންއާއެކު އުޅޭތަން… ދަރިފުޅާ… ދަރިފުޅު އިންނަން ބޭނުން މީހަކާ އިންނަންވީ، އެކަމަކު އެކަކާ ރައްޓެހިވެފައި އަނެކަކާ ރައްޓެހިވެފައި އުޅުމަކީ މަންމަ އެހާ ތާއީދުކުރާކަމެއްނޫން… ދަރިފުޅު ވިޔާނުދާކޮށް އުޅެނީއެކޭ މަންމައެއް ނުބުނާނަން… އަޅެ ނިކަން ބުނެބަލަ…. އީތަންއާ އޮތް ގުޅުން އެއްކޮށް ކަނޑާލީތަ؟ ދަރިފުޅު ދެން އޭނާއާ އިންނާކަށް ގަސްދެއްނުކުރަންތަ؟ ބައްޕަ ވެސް ހުންނަވަނީ ވަރަށް ބޮޑަށް ތި ދެކުދިންދެކެ ނުރުހުންވެލައްވާފައި… އެއްވެސް ވާހަކައެއް ބައްޕަ ނުދައްކަވާން އެ ހުންނަވަނީ އެހެންވެ. ރަންކިއުމުގެ ޙަފުލާ އެހާ ކުލަގަދަކޮށް ބާއްވާފައި ކައިވެނި ލަސްވުމުން މީހުން ސުވާލު ވެސް ކުރާނެތާ… ޖަޒްލާ… މަންމަ ގާތު ނިކަން ބުނެބަލަ… ދަރިފުޅު ގަސްދުކުރަނީ ކިހިނެއްތަ؟ މަންމަގެ ނަޒަރުގައި ކައިލަންއަކީ ވެސް ގޯސްކުއްޖެއްނޫން… ޖަޒްލާ ބޭނުންވާގޮތެއް ބައްޕަ ވެސް ޤަބޫލުކުރައްވާނެ… މަންމަމެނަށް ވެސް ކުރިއަށް ދާންވިގޮތެއް އެނގުނީމައެއްނު ދެން ކަންތައްކުރަންވީ ކިހިނެއްކަން ވެސް އެނގޭނީ”

“ކައިލްއަކީ އަޅުގަނޑުގެ ރަޙުމަތްތެރިއެއް…” ޖަޒްލާގެ ފަރާތުން ޖަވާބެއް އައީ އިނާޔާ ހިމޭނުން އިންނަތާ އިރުގަނޑެއްފަހުންނެވެ.

“އެހެންވީރު އީތަން ކޮބާ؟ ކީއްވެ އޭނާ އެއްގޮތަކަށް ވެސް މިގެއަށް ނާންނަނީ؟ އީތަން ރަށުގައި ނެތީތަ؟” އިނާޔާ ދަރިފުޅަށް ބަލާލީ ކަމެއް ދެނެގަންނަން ބޭނުންވެފައި އިންހެނެވެ. މިފަހަރު ޖަވާބު ނުލިބެނީސް އޭނާގެ ނަޒަރު ޖަޒްލާއާ ވަތްކެއް ނުކުރިއެވެ.

“އީތަން ވަރަށް ބިޒީ… ކަންތައްވެފައި އޮތް ގޮތުން މިގެއަށް އީތަން އައުން އެހާ ރަނގަޅުނުވާނޭތީވެ އޭނާ ނާންނަނީ. މަންމާ! ދެން ތި ވާހަކަ ހުއްޓާލަބަލަ… އަޅުގަނޑަށް މާބޮޑު ބަދަލެއް ނާދެއޭ…”

“އެންމެރަނގަޅު… ޖަޒްލާ ބުނީމަ މަންމަ ޤަބޫލުކޮށްފިން… އެކަމަކު އީތަން އާއި ދެކުދިން ވެއްޖެ ކައިވެނީގެ ވާހަކަ ނިކަން ރަނގަޅަށް ދައްކަން. ދެ ފަރާތުގެ ޢާއިލާ ވެސް ތިބީ ތި ދެކުދިންގެ ކައިވެނި ކޮށްދޭ ގޮތަށް… ލަސްކުރަންވީ ސަބަބެއް މަންމައަށް ނުފެނޭ. އޭރުން ދެން ބައްޕަ ވެސް ހިތްހަމަޖެހިލައްވާނީ…” އިނާޔާގެ ވާހަކައަށް ހޫންއެއް އަޅުވާލާފައި ޖަޒްލާ އިތުރު ވާހަކައެއް ނުދެއްކިއެވެ. މަޑުމަޑުން އިނދެ ސައިބޮއެ ނިންމާފައި އޭނާ ކާކޮޓަރިން ނުކުމެގެން ހިނގައްޖެއެވެ.

* * * *

މެންދުރު އެކެއް ޖަހަންވާއިރަށް ރޭޝްމާމެންގެއަށް ތަހުސީނު އައެވެ. އޭނާ އައީ ރޭޝްމާގެ އެދުމަށް މެންދުރުގެ ކެއުމުގައި ބައިވެރިވާށެވެ. ޒޫރިންއަށް އޭނާގެ ހަޤީޤީ ބައްޕައަކީ ތަހުސީނުކަން އެނގުނު ދުވަހުން ފެށިގެން ތަހުސީނާ ވާހަކަދައްކާވަރު މަދެވެ. އަދިވެސް ޒޫރިން އޭނާއަށް މާފުނުކުރާކަމުގައި ތަހުސީނަށް ޤަބޫލުކުރެވެއެވެ. އޭނާ ވެސް ޒޫރިންއާ ވާހަކަދައްކަނީ ވަރަށް ވިސްނާފައެވެ.

“ކީއްވެތަ ރޭޝް ބަދިގޭގައި އުޅޭއިރު ރީން ތިރިއަށް ނުގެނައީ… އަހަންނަށް ފެންނަނީ މަސައްކަތްކުރާނޭ މީހަކު ގެންނަން. ރީން ވިހެއިމަ ރޭޝްގެ ހުރިހާ ވަގުތެއް އެކުއްޖާއަށް ދެމުން ގޭތެރޭގެ މަސައްކަތްތައް ކުރަން ކިހާ އުނދަގޫވާނެ…”

“މީ ދެން އެވަރު ކަމެއްނޫނޭ… މިގޭގައި ބައިވެރި މީހުންތަކެއް ވެސް އުޅެނީއެއްނޫނެއްނު. އަހަންނަށް އިރާދަކުރެއްވިއްޔާ ރީންގެ ކަންތައްކުރަމުން ގޭތެރޭގެ ހުރިހާ ކަމެއް ވެސް ކުރެވޭނެ. ތަހުސީނު މާ ބޮޑަށޭ ތި ވިސްނަނީ… އާދޭ ކާން… އަންނާނަން ރީން ގޮވައިގެން… ނާޒިލު ނުދެކެންތަ؟…” ރޭޝްމާ ކާމޭޒުމަތީ ހުރިހާ ތަށްޓެއް އަތުރާ ނިންމާލިއެވެ.

“ނާޒިލުގެ ޚަބަރެއް ނުވޭ… ރޭޝް، އަހަރެން އަންނަންތަ ރީން ގޮވައިގެން…” އެއްއަތުން އަނެއްއަތްތިލައިގެން އިނގިލިތަކާ ކުޅެމުން ތަހުސީނު އަހާލީ ޖެހިލުންވެފައި ހުރި ކަހަލަ ގޮތަކަށެވެ.

“އެންމެރަނގަޅު…” ދެ ބުމަ އަރުވާލަމުން ރޭޝްމާ ބުނެލިއެވެ.

ފާރުގައި ލެނގިލައިގެން ވިހެއުމާ ބެހޭ ފޮތެއް އުނގުމަތީ ހުޅުވާލައިގެން ޒޫރިން އިންއިރު އޭނާގެ ނަޒަރު ހުރީ ކުޑަދޮރާ ދިމާއަށް ހުއްޓިފައެވެ. ކޮންމެ ވެސް ޚިޔާލަކަށް ގެއްލިފައި އިން ކަހަލައެވެ. މިލާމޯޅިވެފައިވާ މަލެކޭ ޒޫރިންއެކޭ ތަފާތެއްނެތެވެ. ނޭވާ ކުރުވެގެން ދެތިން ފަހަރަށް ހަށިފުރާ ނޭވާއެއް ލަމުން ބަނޑުގައި ފިރުމާލައެވެ. އިރުކޮޅަކު ޒޫރިންއަށް ބަލަން ހުރެފައި ތަހުސީނު ކޮޓަރީ ދޮރުގައި ޓަކިދިނެވެ. އެހިނދު ޒޫރިން ނިކަން އަވަހަށް ބަލާލުމާއެކު އުނގުމަތީ ހުޅުވާފައި އޮތް ފޮތް ލައްޕާލިއެވެ. އަދި އެނދުން ތިރިއަށް ދެފައި ތިރިކޮށްލަމުން މަގަތުގައި އިށީނެވެ.

“ވަންނަންތަ؟” ތަހުސީނު ހުއްދަ ހޯދާ ފަދައިން އަހާލިއެވެ. އެއާއެކު ޒޫރިން ބޯޖަހާލިއެވެ.

ތަހުސީނު އައިސް އެނދުގައި އިށީނެވެ. ނޫން ގޮތަކަށް ޒޫރިންއަށް ބަލާލާފައި އިސްޖަހާލިއެވެ. އެއްޗެއް ބުނަން އޭނާ ވިސްނާ ކަހަލައެވެ.

“ދަރިފުޅު… މާފުކުރޭ… އެހެން ކިޔުމުގެ ހައްޤެއް ހަޤީޤަތުގައި މިހާރަކުނެތް، އެހެންވިޔަސް ހެޔޮ… ރީންއަކީ އަހަރެންގެ ދަރިއެއްކަމާ މެދު އަހަރެން ކުޑަކޮށް ވެސް ޝައްކެއް ނުކުރަން… ރީން! ފިކުރުގެ ކަނޑަކަށް ޢަރަޤުވެގެންދާއިރު ތި ޚިޔާލުގެ ލޯގަނޑުގައިވަނީ ކޮންސޫރައެއްކަން މި ބައްޕައަށް އެނގޭ… ތި ދެ ލޮލުގައިވަނީ ކޮން ޝަކުވާއެއްކަން ވެސް އެނގޭ… ފައިސާއިން ލޯބި ގަނެވޭނަމަ މިއަދު ތި ދަރިފުޅުގެ އިންތިޒާރަށް ނިމުން ގެނެސްދޭނަން… ދަރިފުޅުގެ ގެއްލިފައިވާ ލޯބި ހޯދައިދޭނަން… މި ބައްޕައަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރެވިއްޖެ. މި ބައްޕައަށް ލިބޭ އެންމެ ބޮޑު ހިތާމައަކީ އެއީ… ދަރިފުޅުގެ ހިތްހަމެޖެހުން ދަރިފުޅަށް ހޯދައި ނުދެވުނީމަ… މި ބައްޕަ ޚިޔާރު ކުރި މަގުން އީތަން ހިނގަން ޚިޔާރު ކޮށްފާނޭއެކޭ ހިތަކަށް ނާރާ… ވަރަށް ވިސްނައިދެވިއްޖެ…”

ތަހުސީނު ހިތްދަތިވެފައި އިނދެ ޒޫރިންގެ އަތްތިލާގައި ހިފާ ބާރުކޮށްލިއެވެ. ހަމްދަރުދީވާ ހާލުގައެވެ. އެހިނދު ޒޫރިން މަޑުމަޑުން ތަހުސީނާ ގާތަށް ޖެހިލާ ތަހުސީނުގެ ކޮނޑުގައި ބޯއަޅާލިއެވެ. ހައިރާންކަން ލިބިގެން ދިޔައެއްކަމަކު ތަހުސީނު އެންމެ ސުކުންތެއް ވެސް ބޭކާރެއް ނުކުރިއެވެ. އަވަހަށް ދަރިފުޅު ގަޔާ ކައިރިކޮށްލާ ހިފަހައްޓާލަމުން ބޮލުގައި ބޮސްދިނީ އުފަލުންނެވެ.

“ބައްޕާ…” އަސަރުން ފުރިގެންވި ގޮވާލުމަކުން ޒޫރިން ގޮވާލިއެވެ.

“އާން ދަރިފުޅާ…” ތަހުސީނު އިހުނަށްވުރެ ވެސް ދަރިފުޅު ގެނެސް ގަޔާ ގާތްކޮށްލިއެވެ.

“ތަހު…” ތަހުސީނަށް ގޮވާލަން އަނގަހުޅުވާލި ރޭޝްމާއަށް އައިސް ޒޫރިންގެ ކޮޓަރި ދޮރުމަތީ ހުއްޓެވުމާއެކު އޭނާގެ ދޫ ބަންދުވިއެވެ. ހަމައެވަގުތު އޭނާގެ ހިތްފުރިގެން ދިޔަ ފަދައެވެ. ތުންފަތަށްވެރިވެގެން ދިޔައީ މީގެ ކުރިން ނުފެންނަ ހިނިތުންވުމެކެވެ. ސިއްރުން ލޮލުގެ ހިމަކޮޅުގައި އިނގިލިޖައްސާލީ ފުރިގެންދިޔަ ދެ ލޮލުން ކަރުނަ ފުހެލުމަށެވެ. އިސްޖަހާލުމާއެކު ފާރާ ނިވާވެލިއެވެ. ހަށިފުރާލީ ނޭވާއާއެކު ރޭޝްމާ ހަމްދުއެޅިއެވެ. އޭނާގެ ހިތުގެ މުރާދެއް ހާޞިލުވީ ފަދައިންނެވެ.

މިއަދު ތަހުސީނަށް މާފުނުކުރަންވީ ސަބަބެއް ޒޫރިންއަކަށް ނުވިސްނެއެވެ. އެ ބައްޕައަށް ކުރިމަތިވި މަޖުބޫރާއެކު ވެސް ގެއްލުނު ދަރިފުޅު ހޯދައިފިއެވެ. ﷲގެ މިންވަރުފުޅަށް ނުރުހި ދެކޮޅު ހަދާ އިންސާނަކަށް ޒޫރިން ވާކަށް ބޭނުމެއްނޫނެވެ. އެތައް އަހަރަކަށްފަހު ބައްޕަގެ ހިމާޔަތުގެ އަތުތެރޭގައި ކުޑަ ނަމަވެސް ހިތްހަމަޖެހުމެއް ވިއެވެ.

“އަޅުގަނޑު ބިރުގަންނަނީ… ވަރަށް ބޮޑަށް ބިރުގަންނަނީ…”

“ކޮންކަމާ؟ ދަރިފުޅުގެ ގާތުގައި މިއަދު މަންމަ އާއި ބައްޕަ އެބަހުރީމު… ދެން ބިރުގަންނަންވީ ކޮންކަމަކާ؟” ޒޫރިންގެ އަޑުއިވިފައި ތަހުސީނު ކަންބޮޑުވިއެވެ. އަވަހަށް ދަރިފުޅުގެ ދަތްދޮޅީގައި ހިފާ އޭނާގެ މޫނާ ދިމާއަށް އުފުލާލަމުން ސުވާލުކުރެވުނީ ކެތްތެރިކަން ކުޑަވެފައި އިނދެއެވެ.

“އަޅުގަނޑަށް ކަމެއްވެދާނޭތީ… ބަނޑުގައިވާ ދަރިފުޅަށް ކަމެއްވެދާނޭތީ… އަޅުގަނޑަށް ކަމެއްވެއްޖެއްޔާ މަންމައަށް ވާނޭގޮތް ނޭނގޭތީ… މި ދަރިފުޅަށް ކަމެއްވެއްޖެއްޔާ އަޅުގަނޑަށް ވާނޭ ގޮތް ނޭނގޭތީ…” ޒޫރިންގެ ލޮލުން އޭނާގެ ހިތުގައިވާ އުފެދިފައިވާ ބިރުވެރިކަން އެއްވެސް ފޮރުމެއްނެތި ތަހުސީނަށް ފެނިގެން ދިއުމުން އޭނާގެ މޭ ވެސް ފިނިވެގެން ދިޔައެވެ.

“ބައްޕަ މިހިރީނު… އެންމެ ހިނދުކޮޅަކަށް ވެސް ދުރަކަށް ނުދާނަން… މަންމައަކީ ދަރިފުޅު ކަހަލަ ހިތްވަރުގަދަ އަންހެނެއް. މަންމައަށް ދެރަގޮތެއް ނުވާނެ ބައްޕަ ހުއްޓައެއް… ﷲ އިރާދަކުރެއްވިއްޔާ ލޯބިލޯބި ކުއްޖެއް ރީން ވިހާނީ…” ޒޫރިން ހިތްހަމަޖައްސައިދީ އެ ހިތުން ބިރުވެރިކަން ނެރެލުމަށް ބުނާނޭ އެއްޗެއް ނޭނގި އިނދެ ތަހުސީނު ވާހަކަދެއްކިއެވެ. އެވަގުތު ދޮރުމަތިން ރޭޝްމާގެ އޯގާތެރިކަމުގެ އަޑު އިވުނެވެ.

“ވިހަން ކައިރިވީމާ އެ ކަހަލަ ޚިޔާލު ކޮންމެ މަޔަކަށް ވެސް ކުރެވޭކަމަށްވަނީ… ރީންއަށް ވެސް ތިވަނީ އެހެން. ﷲއަށް ޔަޤީންކަން ބާއްވާ… އިރާދަކުރެއްވިއްޔާ ދެރަގޮތެއް މެދުވެރިއެއް ނުވާނެ. ބައްޕަ އެ ބުނީނު ރީންއާއެކު ހުންނާނަމޭ. މަންމަގެ ރީންއަށް އެއްވެސް ކަމެއްނުވާނެ… އެންމެ ފުރަތަމަ ބޭބީ އުރާލާނީ މަންމަ އިނގޭ… ޔަޤީން.. ރީން ކަހަލަ ފުށްގުޅަވަރެއްހެންކަން އޮންނާނީ…” ރޭޝްމާ އައިސް ޒޫރިންގެ އަނެއްފަރާތުން އިށީނެވެ. ޒޫރިންގެ ދަފަރާތުގައި ތިބެ ރޭޝްމާ އާއި ތަހުސީނު ހިތްވަރު ދިނެވެ. އޯގާތެރި ބަސްތަކުން އޭނާގެ ހިތްހަމަޖައްސައިދެވޭތޯ ބެލިއެވެ.

ކޭމޭޒުދޮށަށް ޒޫރިން ގޮވައިގެން ތަހުސީނާއި ރޭޝްމާ އައި އިރު ދޮރޯށީގެ ބެލްޖަހާއަޑު އިވެއެވެ. ރޭޝްމާ ގޮސް ދޮރޯށި ހުޅުވާލިއިރު ދޮރުމަތީ ހުރީ ނާޒިލެވެ. އަތުގައި ނިކަން ބޮޑު ފިނިފެންމާ ބޮނޑިއެއް އޮތެވެ. ތަފާތު ކުލަތަކުގެ ފިނިފެންމަލުން ތައްޔާރުކޮށްފައިވާ ބޮޑު ގުސްދަސްތާއެކެވެ.

“މައި ކަޕްކޭކަށް ގެނައި އެއްޗެއް މީ… ކޮބާތަ ޕްރިންސެސް…” ބަދިގެ ފަރާތަށް ވަންނަމުން ނާޒިލު ތަންކޮޅެއް ބާރަށް ބުނެލިއެވެ.

* * * *

ހަނދުވަރުގެ ރިހި ދޯދިތައް ފެތުރިފައިވަނީ ކިހާވަރަކަށް ކަމެއް ޓެރެސްގައި ހުރި ސަރަންފީގައި ޒޫރިން އޮތްއިރު ކުޑަކޮށް ވެސް ދެނެގަންނާކަށް ނޭނގެއެވެ. ދުރުދުރުން ބުރުހަމަވެފައި ހުރި ހަނދު ފެނުނެއްކަމަކު ވަށައިގެން ހުރި އިމާރާތްތަކުގެ އަލިތަކުން އުޑުގައި ފިޔަޖަމުންދިޔަ އަލިތައްވަނީ ފަނޑުވެފައެވެ. އެހެންނަމަވެސް ފިނިފިނި ރޯޅިތައް ފަޒާގައި އެނބެރެމުން ދާ ރެއެކެވެ. އާދަޔާ ޚިލާފު ތެތްކަމެއް ބީހެމުންދިޔަ ވައިރޯޅިތަކުގައި ހަރުލާފައި ހުރިކަން ޒޫރިންއަށް އެނގެއެވެ. ނަމަވެސް އުޑުމަތިން ވާރޭ ވެހިދާނޭކަމުގެ އެއްވެސް ނިޝާނެއް ދައްކައެއް ނުލައެވެ. މުޅި ދުވަހު ތަހުސީނުގެ އެދުމާއެކު ޒޫރިން އާއި ރޭޝްމާ އުޅުނީ އުފަންވާއުޅޭ އައު މެހެމާނަށް ބޭނުންވާނޭ ސާމާނުތައް ހަމަކުރުމުގައެވެ. ސިކުނޑީގެ ބުރަކަމަށް ލުޔެއް ލިބުނެއްކަމަކު އެކަނިވުމާއެކު ހުރިހާ ހިތްދަތިކަމެއް ޒޫރިން ވަށާލި ކަހަލައެވެ.

“އައި ވިޝް ޔޫ އޮންލީ ނިއު ހައު އައި ފީލް….” މަޑުމަޑުން މަރާލި ލޯ ކުރިމަތިން ސިފަވެގެން ދިޔަ އީތަންގެ ފުރިހަމަ ސޫރައާ ޒޫރިން ވާހަކަދެއްކިއެވެ. ލުއި ހިނިތުންވުމަކާއެކު ޒޫރިން ސަރަންފީއިން ތެދުވިއެވެ.

“ހެލޯ… އިޒް އިޒް އިޓް މީ ޔޫ ލުކިންގ ފޯ…” މަޑުމަޑުން ތުންފަތުން ނުކުންނަމުން ދިޔަ ރާގަށް ލަފުޒުތައް ހަމަކުރަމުން ޒޫރިންގެ ބަނޑުގައި ދެއަތް ވަށާލައިގެން ހުރެ ވައިރޯޅީގެ ބީހުންތަކާ އެއްވަރަށް ފައިތިލަ ބަހައްޓަމުން ދިޔައެވެ. ބިންވަޅުނެގިފައިވާ ހަނދާންތަކުގެ ތެރޭ އަދި އެއްފަހަރު އުޅެލުމަށް ޒޫރިން ނުހަނު ބޭނުންވެފައި ހުރި ކަހަލައެވެ. ހާވާލާފައި އޮތް ދިގު އިސްތަށިގަނޑުގެ ގޯނާ ކުރުންތަކާއެކު ލުއި ހީނލުމަކުން ހީނލާ އަޑު ތަނުގެ ހިމޭންކަން ފުނޑުފުނޑުކޮށް ހަލަބޮލި ކުރަމުން ދިޔައެވެ.

“އާހް… އާ…..ހްހްހްހް…..” ނުވިސްނާ ހުރި ޒޫރިންގެ ބަނޑަށް ކުއްލިއަކަށް އެރި ތަދާއެކު މުޅި މީހާއަށް ތެޅިގަނެވުނެވެ. ވަގުތުން މޫނުމަތީގެ ކުލަވަރު މުޅިން ބަދަލުވެގެން ދިޔައެވެ. ފުންނޭވާއަކާއެކު ބަނޑުގައި ހިފަހައްޓާލައިގެން ހިރިލަން ނުކެރިފައި ހުއްޓާ އިހުނަށްވުރެ ބަނޑުގައި އެޅި ވޭން ގަދަވިއެވެ. އެހިނދު ޒޫރިންގެ ދަފައި ވެސް ތުރުތުރު އަޅާލިއެވެ.

“މަންމާ…” ބިރުވެރިކަމާއެކު ޒޫރިންގެ އަޑު ފަޒާގެ ތެރޭ ގުގުމައިގެން ދިޔައެވެ. އޭރު ބަނޑުގައި ހިފަހައްޓައިގެން ހުރި ދިމާއަށް ޒޫރިން ތިރިވަނީއެވެ. ވިހަން އުޅެނީކަމެއް ނޫނީ އެހެންކަމެއްވަނީކަމެއް ޒޫރިންއަކަށް ދެނެގަންނާކަށް ނޭނގުނެވެ. އެނގެނީ އޭނާގެ ހަށިގަނޑު ފުނޑުފުނޑުކޮށްލާވަރުގެ ވޭންވަރެއް އަތުވެއްޖެކަމެވެ. ނޭވާއަށް ބަދަލު އައުމާއެކު ދަތްތައް ޖައްސާ ބާރުކޮށްލެވިއްޖެއެވެ. ފުރަގަހުން އިވިގެން ދިޔަ ރޭޝްމާގެ އަޑާއެކު ތަހުސީނުގެ އަޑު ޒޫރިންއަށް އިވުނީ އެއްވެގެންނެވެ. އެމީހުން ދައްކާ ވާހަކައަކަށް އެއްވެސް ސަމާލުކަމެއް ޒޫރިންއަކަށް ނުދެވުނެވެ. ތަހުސީނުގެ އަތްދަނޑިމައްޗަށް ޒޫރިން އުފުލާލިކަން އޭނާއަށް އެނގެއެވެ.

ހޮސްޕިޓަލަށް ގެނެސް ވިހާ ކޮޓަރިއަށް ވެއްދި އިރު ވެސް ޒޫރިން އުޅެނީ ވޭންވަރު ހައްތަހާ ގަދަވާތީއެވެ. ޑޮކްޓަރު އައިސް ބެލުމަށްފަހު އޭނާއެއް ދެނެއް ޒޫރިންއަކަށް ނުފެނުނެވެ. ވަށައިގެން ނަރުސް ކުދިން އުޅޭތަން ފެނެއެވެ. ވިހަން ވައްދާފައި ތިބި އެހެން މީހުންގެ އަޑު ވެސް ޒޫރިންއަށް އިވެމުންދިޔައެވެ. ހިތްވަރުގަދަ ކުރަން ބޭނުންވިޔަސް ނޭނގޭ ބިރުވެރިކަމެއް އޭނާގެ ހިތަށް އަތްގަދަ ކުރަމުން ދިޔައެވެ. ގާތުގައި ރޭޝްމާ ހުރުމަށް އެދެވެން ފެށުނެވެ. ވޭންވަރާއެކު ޒޫރިންއަށް ރޮވެން ފެށުނެވެ. އެހެންނަމަވެސް އެވަރުން ވެސް އޭނާ ކެތްކުރަން މަސައްކަތް ކުރަމުން ދިޔައެވެ. ދޭތެރެއަކުން ނަރުސް ކުއްޖަކު އައިސް ހިތްހެޔޮ ހިނިތުންވުމެއް ބަދަލުކޮށްލައެވެ. ހިތްވަރުގެ ބަހެއް ބުނެލައެވެ. މަރުވަނީއޭ ހީވާ ފަހަރު ވެސް ދިޔައެވެ. އެތެރެހަށި ފަޅާލާފައި ދަރިފުޅު ނުކުންނަނީއޭ ވެސް ހީވާ ފަހަރު ދިޔައެވެ. އެހާލުގައި ހޭދަވެގެން ދިޔައީ ކިހާ އިރެއްކަމެއް ޒޫރިންއަކަށް ނޭނގެއެވެ. އެންމެ ފަހުން ފަޅާ ކޮޓަރިއަށް ޒޫރިން ގެންދިޔައެވެ. އެތަނަށް ގެންދިއުމުގެ ކުރިން ރޭޝްމާއާ ބައްދަލުވިއެވެ. ނަމަވެސް ގިސްލެވުމުގެ ރުއިމަކާއެކު ޒޫރިންއަށް ރޮވުނީ ރޭޝްމާއާ ވަކިގެން ފަޅާކޮޅަޓަރިއަށް ވެއްދުމަށް ގެންދަން ފެށުމުންނެވެ.

“ރޭޝްމާ!… ޒޫރިން ވިހައިފި… ދެމައިން ވެސް ރަނގަޅު… ފިރިހެންކުއްޖެއް ލިބުނީ. އިރުކޮޅަކުން ބޭބީ ދައްކާލަން ނެރޭނެ” ނަރުސް ކުއްޖަކު ނުކުމެ ރޭޝްމާއަށް ދިން ޚަބަރާއެކު އޭނާއަށް ހިނިތުންވެލެވުނެވެ. ތަހުސީނުގެ ގާތަށް ޖެހިލުމާއެކު އޭނާ ރޭޝްމާ ގެނެސް ގަޔާ ކައިރިކޮށްލިއެވެ. އުފަލުން ގޮސް ރޭޝްމާގެ ދެ ލޯ ފުރި ބަންޑުންވިއެވެ.

“އެބުނީނު ދެމައިންގެ ހާލު ވެސް ރަނގަޅޭ… ދެން ގިނައިރެއްނުވެ އަހަރުމެންނަށް އެ ދެމައިން ވެސް ފެނިދާނެ” އުފާވެރިކަމުގެ ކަރުނަ ނިރާލުމުން ސިއްރުން ލޯ ފުހެލާފައި ރޭޝްމާއަށް ހިތްވަރު ދިނުމުގެ ގޮތުން ތަހުސީނު ބުނެލިއެވެ.

ރޭޝްމާ ބޯޖަހާލަމުން ތަހުސީނާ އެއްބަސްވިއެވެ. އަދި ދެ ލޯ ފުހެލުމާއެކު ތަހުސީނާއެކު އެއްފަރާތުގައި މަޑުކޮށްލީ ކުޑަދަރިފުޅު ނެރޭނޭ އިރެއްގެ އިންތިޒާރުގައެވެ. ލިބުނު އުފަލުން ހުރިހާ ކަމެއް ހަނދާންނެތިފައި ހުއްޓާ ޒޫރިންގެ ދަރިފުޅުގެ ބައްޕައާ ބެހޭ މަޢުލޫމާތު ފުރުމަށްޓަކައި ނަރުސްކުއްޖަކު ނުކުމެ ސުވާލުކޮށްލިއެވެ. އެއާއެކު ހަތަރު އުދަރެސް ފެނުޖެހުނު ފަދަ އިހުސާސެއް ރޭޝްމާއަށް ކުރެވިގެން ދިޔައެވެ. ބަރުބާދުވެފައިވާ ދަރިފުޅުގެ ދިރިއުޅުން އާބާދުވުމުގެ ކުޑަކުޑަ އުންމީދު ވެސް ކަނިވެގެން ދިޔައެވެ. ނަމަވެސް ރޭޝްމާ އާއި ޒޫރިންއަށްޓަކައި ތަހުސީނު އޭނާގެ މޭ ނެރުނީ އެ ދަމައިންގެ ހިމާޔަތުގެ އައްޑަނައެއްގެ ގޮތުންނެވެ. އޭނާގެ ވަށައިގެން ކެތްތެރިކަމުގެ ޙިޞާރެއް ކުރިއެވެ. ނުގުޑާނޭ ފަދަ ޢަޒުމެއް ކަނޑައެޅިއެވެ. ރޭޝްމާގެ އަތަށް ބާރުކޮށްލުމަށްފަހު އެ އަތުން ދޫކޮށްލާ ތަހުސީނު ކުރިއަށް ނުކުތެވެ. ނަރުސްކުއްޖާއަށް މަޢުލޫމާތު ދިނުމުން އޭނާގެ މޫނުމަތިން ފެނިގެން ދިޔަ ކުލަވަރާއި ބަލާލި ބަލާލުމުގައި ހުރި ނޭއްދާރުކަން ވަރަށް ރަނގަޅަށް ތަހުސީނަށް ފާހަގަކުރެވުނެވެ. ސުވާލެއް ނުކުރި ނަމަވެސް އެ ނަރުސްކުއްޖާގެ ހިތުގައި ޒޫރިންއާ މެދު ވާނީ ކީކޭކަން ތަހުސީނަށް އެނގޭ ކަހަލައެވެ. އެނބުރި ރޭޝްމާއަށް ބަލާލުމާއެކު ހިކިފައިވާ ދެ ތުންފަތް ތެތްމާލާފައި ފުންނޭވާއެއް ތަހުސީނު ލިއެވެ. ރޭޝްމާގެ ގާތަށް އައުމުގެ ކުރިން އަމިއްލަ ނަފްސު ހަމައަކަށް އެޅުވިއެވެ.

“ދެން ކިހިނެއްވާނީ…” ތަހުސީނު އައިސް ރޭޝްމާގެ ގާތުގައި މަޑުކޮށްލުމާއެކު އޭނާ އަހާލިއެވެ. ވަށައިގެން އުޅޭ މީހުންތަކަށް ނީވޭނޭ ހެން ސިއްރުންނެވެ.

“މިކޮޅުން އެކަން ރިޕޯޓުކުރާނެ… މައްސަލަ ބަލާނެ…” ދަތި އުނދަގުލުން ތަހުސީނަށް ބުނެލެވުނެވެ. އެހިނދު ރޭޝްމާގެ މޫނުމަތި ކަފަކޮޅެއްހާ ހުދުވެގެން ދިޔައެވެ. އިންތިހާ ދަރަޖައިގެ މާޔޫސްކަމާއެކު ރޭޝްމާ އިސްޖަހާލުމުން އޭނާގެ ކޮނޑުގައި ތަހުސީނު އަތްޖައްސާލީ ހިތްވަރު ކުރާށޭ ބުނާ ފަދައިންނެވެ.

“ރޭޝް، ނާޒިލަށް އަންގަންވާނެއެއްނު… އޭނާއަށް ގުޅާލަންވީނު. އަހަރެން އެބަ އަންނަން ބޭބީ ނެރެންވާއިރަށް ވުޟޫކޮށްލައިގެން. ބައްޕަނެތް ކުއްޖަކަށްވިޔަސް ދަރިއަކު އުފަންވުމުން ކުރަންޖެހޭ ހުރިހާ ކަމެއް ކުރުން އަހަރުމެންގެ މައްޗަށް ލާޒިމުވާނެ…” ތަހުސީނުގެ ވާހަކަތަކުން ރޭޝްމާއަށް ސާބިތުކަން ލިބިގެން ދިޔައެވެ. އަވަސް އަވަހަށް ބޯޖަހާލާފައި އަތުގައި އޮތް އަތްދަބަހުން ފޯނު ނަގާ ނާޒިލަށް ގުޅިއެވެ.

ފަޅާ ކޮޓަރީގެ ބޭރުގައި ރޭޝްމާ އާއި ތަހުސީނުގެ އިތުރުން ނާޒިލު ހުއްޓެވެ. ތިން މީހުން ވެސް ތިބީ ކެތްތެރިކަން ކުޑަވެފައި ތިބިހެންނެވެ. ގިނަ އިރުތަކެއްނުވެ ޒޫރިންގެ ނަންގޮވާލުމާއެކު ނަރުސްކުއްޖަކު ނުކުތެވެ. އޭނާގެ އަތުގައި ހުދު ރަޖައަކަށްލާ އޮޅާލާފައި އޮތް ތުއްތުކުއްޖާ ފެނުމާއެކު ރޭޝްމާއަށް އަވަހަށް އައިސް އެކުއްޖާ އުރާލުމަށް އަތްދިއްކޮށްލެވުނެވެ. ތަހުސީނަށް ވެސް އަވަސްވެގަނެވުނީ އެ ކުޑަކުއްޖާގެ މޫނު ދުށުމަށެވެ.

“ބަލާބަލަ ލޯބިކަން… އަހަރެން ރީން ނެގިއިރު އޮތީ ހަމަ މިހެން… ތަހުސީނު… ބަލާބަލަ…” ކަރުނުން ފުރިފައިވާ ލޮލުން އަތުގައި އޮތް ކުޑަކުއްޖާއަށް ބަލަން ހުރި ރޭޝްމާ ވާހަކަދެއްކިއެވެ. އޭރު ރޭޝްމާ އާއި ތަހުސީނުގެ މޫނުމަތިން ވެސް ފެންނަމުން ދިޔައީ އުފާވެރިކަމުގެ އަސަރުތަކެވެ. ނާޒިލު ވެސް ފެންނަނީ އުފަލުން ހުރި ތަނެވެ. ހިނިތުންވެލައިގެން ތިން މީހުން ތިބިއިރު ދުނިޔޭގެ ހުރިހާ އުފަލެއް އެވަގުތު އެ މީހުންގެ ކުރިމަތީވާ ކަހަލައެވެ. ރޭޝްމާގެ އަތުން ތުއްތުކުއްޖާ ނަގާ ތަހުސީނު އުރާލުމާއެކު އެ ދަރިފުޅުގެ މައްޗަށް ކުރުން ވާޖިބުވެގެންވާ ކަންކަން އޭނާ ކޮށް ނިންމާލިއެވެ.

“ރީން ކިހިނެއްތޯ؟” ނަރުސްކުއްޖާ ޒޫރިންގެ ދަރިފުޅު ތަހުސީނުގެ އަތުން ނެގުމާއެކު އޭނާ އަހާލިއެވެ. އެވަގުތު ޒޫރިންގެ ހާލު ރަނގަޅުކަމުގަ އާއި ގިނައިރެއްނުވެ ދެން ނެރިދާނެކަމުގެ ޚަބަރު ނަރުސްކުއްޖާ ދިނެވެ. އެއާއެކު ހިތްހަމަޖެހުމުގެ ފުންނޭވާއާއެކު ރޭޝްމާއަށް ތަހުސީނަށް ބަލާލެވުނެވެ. އަދި ޒޫރިން ނެރެފައި ބާއްވާނޭ ކޮޓަރިއެއް ހޮސްޕިޓަލުން ހަމެޖެއްސުމަށް ޓަކައި އެކަމުގައި ތަހުސީނު އަވަސްވެގަތެވެ.

* * * *

“އެއްޗެއް ނުބުނެ ހާދައިރެއް ތިވަނީ؟ ކޮންކަމަކާ ތި ވިސްނަނީ؟” އެނދުގައި އޮތް ޖަޒްލާގެ ފޯނަށް އައި ވައިބަރ މެސެޖު އޭނާ ކިޔާލިއެވެ.

“އަހަންނަށް ހީވަނީ އީތަންއާ ވާހަކަދައްކަންވީހެން… އޭނާ ވާހަކަދައްކާކަށް އަހަރެން އޭރު ފުރުޞަތެއްނުދެމެއްނު. ހިތަށް އަރަނީ އަހަރެން ހީކުރާ ގޮތަށް ފަހަރެއްގައި ކަންކަން ނުވެދާނެއޭ… ޑިޒިޝަންއެއް މޭކް ކުރަން ނޭނގިގެން މިއުޅެނީ…” އެނދުގެ ހެޑުބޯޑަށް ދެފައި ނަގައިގެން އޮވެ ކައިލަން ފޮނުވި މެސެޖަށް ޖަވާބު ފޮނުވާލިއެވެ.

“ލޮލަށް ފެނުނު މަންޒަރު ވެސް ދޮގުކުރަން ޖޭޒް ބޭނުންވަނީތަ؟ އަހަންނަކީ ވެސް ފިރިހެނެއް، އަހަރެންގެ ހިތުން ޚާއްޞަކަމެއް ދެވިފައިނުވާނަމަ އަންހެންކުއްޖަކާ ގާތެއްނުވާނަން… އެ ހިސާބަށް ކަންތައް ދާނީ ޔަޤީނުން ވެސް ސަބަބެއް އޮވެގެން… ދެން އޮތް ގޮތަކީ މަންމަމެން ވެސް ބޭނުންވާގޮތް ހެދުން. އީތަން ކުރިކަމަކީ ނުކުރާ ކަމަކަށް ހަދާފައި ޖޭޒްގެ ހިތުގައި އީތަންއަށް އޮތް ލޮއިބެއްގެ ސަބަބުން އޭނާއާ ކައިވެނިކުރުން… މަށަށް މިހާރު ހީވަނީ ޖޭޒް ބޭނުންވަނީ އެގޮތަށް އެކަންވާންހެން…”

“ކައިލް… ތިހެން ނުބުނޭ… އެއީ ނުވާކަމަކަށް ހެދުމަށް އަހަރެން ނޫޅެން. އެކަމަކު އީތަން އެވަރަށް އަހަންނަށް ގުޅާނީ ކޮންމެވެސް ވާހަކައެއް އަހަންނަށް އޮޅުންފިލުވައިދޭން ބޭނުންވާތީ. އަހަރުމެން ދެ މީހުން ރައްޓެހިވެގެން އުޅުނީ ކުޑަ ދުވަސްކޮޅަކު ނޫން. ކައިލްއަށް ވެސް ރަނގަޅަށް އެނގޭނެ އަހަރެން ކިހާ ލޯބިވާކަން އީތަން ދެކެ”

ޖަޒްލާގެ ވާހަކައަށް ކައިލަންގެ ފަރާތުން ޖަވާބެއް ނައުމުން އޭނާގެ ހިތް ނުތަނަވަސްވިއެވެ. އީތަންގެ މަތިން ހަނދާންނައްތާލުން އެއީ ޖަޒްލާއަށް ކުރަން އެހާ ފަސޭހަކަމެއްނޫންކަން ކައިލަންއަށް ވިސްނާދޭނެ ގޮތެއް ޖަޒްލާއަކަށް އެއްގޮތަކަށް ވެސް ނުވިސްނުނެވެ. އީތަން ކުރީ ކީއްކަން ޖަޒްލާއަށް ވެސް އެނގެއެވެ. ހަޤީޤަތް އެނގި ފާޅުވެއްޖެއެވެ. އެހެންނަމަވެސް ގިނަ ދުވަސްތަކަކަށް ދެމިގެން ދިޔަ ލޯބީގެ ގުޅުން ކުއްލިއަކަށް ކަނޑާލާ އެއްކޮށް ދެ މީހުން ވަކިވާނީ ކިހިނެއްހެއްޔެވެ. އެއީ ޤުދުރަތީ ކަމެކެވެ. ލޯތްބަކީ ކުއްލިއަކަށް ކެޑިގެންދާނޭ އެއްޗެއް ނޫނެވެ. މަޑުމަޑުން ގޮސް ނިމިގެންދާ އެއްޗެކެވެ. ޖަޒްލާގެ ހިތުގައިވާ އީތަންގެ ހަނދާންތައް ކުއްލި ގޮތަކަށް ފޮހެލާނީ ކިހިނަކުން ހެއްޔެވެ. އޭނާއަށް ވެސް ގޮތެއް ނިންމަން ނޭނގިގެން އުޅެނީ އީތަންއަށްޓަކައި އެ ހިތުން ލޯބީގެ ވިންދު ޖެހީތީއެވެ. އެތަކެއް އަހަރު އެކުގައި ހޭދަކުރެވުނީތީއެވެ. އެ ހިތް އުފާކޮށްދިނުމުގައި އެތައް ވަގުތެއް އީތަން ހޭދަކޮށްފައިވާކަން އެނގޭތީއެވެ. އެހެންނަމަވެސް ގޮތެއް ނިންމަން ވެއްޖެކަން ޚުދު ޖަޒްލާގެ ޟަމީރު ވެސް އެއްބަސްވެއެވެ. ގޮތެއް ނިންމުމުގެ ކުރިން އޭނާ އީތަންގެ ވާހަކަ އަޑުއަހަން ބޭނުންވެއެވެ. އެގޮތަށް އީތަން ކަންތައް ކުރަން ޖެހުނު ސަބަބު އަދިވެސް އޮތީ ނޭނގުމެއްގެ ތެރޭގައެވެ. އެއީ ޖަޒްލާ އޮޅުން ފިލުވަން ބޭނުންވާ ކަމެކެވެ. ރުޅި އިސްނުކޮށް މަޑުމައިތިރިކަމާއެކު އީތަންއާ ކުރިމަތިލާންވީ ވަގުތު ޖެހިއްޖެކަން ޔަޤީނެވެ.

“ސޮރީ ކައިލް… އައި ހޭވް ޓު ޑޫ ދިސް.. އައި ހޭވް ޓު ޓޯކް ޓު ހިމް… ކައިލް ހިތްހަމަނުޖެހޭކަން ވެސް އެނގޭ. ޔޫ ވޮރީ ޓޫ މަޗް. ފަހުން ދެން މިކަމާ ވާހަކަދައްކާނީ. ގުޅާނަން މާދަން… ބާއި… ގުޑްނައިޓް…” ޖަޒްލާ ވިސްނަން އޮވެފައި ކުއްލިއަކަށް ފޯނު ނަގާ ކައިލަންއަށް މެސެޖުލިޔެ ފޮނުވާލިއެވެ.

* * * *

މުޅިން އައު ދުވަހަކަށް ދުނިޔެމަތި އަލިކޮށް ޤުދުރަތުގެ ހިތްގައިމުކަން ހޭލައްވާލައިފިއެވެ. މީސްތަކުން އެމީހުންގެ ދުވަހީ މަސައްކަތްތަކައިގެން ބިމުގައި ފެތުރެގަނެއްޖެއެވެ. މާލޭގެ މަގުތައް ހަލަބޮލިވެއްޖެއެވެ. ހިމޭންކަން ވެރިވެފައި އޮތް ހޮސްޕިޓަލްތެރެ ވެސް ފަރުވާ ހޯދަންށާއި އެހެނިހެން ބޭނުންތަކަށް އައިސް ތިބި މީހުންނާއިގެން ފުރެން ފަށައިފިއެވެ. ބޭސް ފިހާރައިން ނަގައިގެން ގެނައި ބޭސްތައް ކައުންޓަރުގައި ތިބި ނަރުސްކުދިންނާއި ހަވާލުކޮށްފައި ތަހުސީނު އައިސް ޒޫރިން އޮތް ކޮޓަރިއަށް ވަނެވެ. އޭރު ހެނދުނުގެ ސައިބުމުގައި ނާޒިލާއި ރޭޝްމާ އުޅެއެވެ.

“ލިބުނުތަ ހުރިހާ ބޭހެއް؟” ސޭންޑްވިޗް އަތަށް ލައިގެން އިނދެ ރޭޝްމާ އަހާލިއެވެ.

—  ނުނިމޭ  —

Leave a Comment

Your email address will not be published. Required fields are marked *