KUSHAKAANULAA HITH NUROHVAA [Part 2]

ޑޮކްޓަރު ބޭބީގެ ވިންދުބަލާ މެޝިން ނިންވާލުމަށްފަހު ނުކުތެވެ. އަދި ގޮނޑީގައި އިށިންނަމުން ޝާރިޤަކީ ޒޯޔާގެ ކާކުތޯ ސުވާލުކުރިއެވެ. ޝާރިޤަށް ބުނާނެ އެއްޗެއް ނޭގުނެވެ. އޭނަ އަމިއްލައަށްވެސް ޒޯޔާ އަކީ އޭނަގެ ކާކުތޯ އަދި ޒޯޔާއަށް ޝާރިޤަކީ ކާކުތޯ ސުވާލުކޮށްލެވުނެވެ. އެސުވާލުގެ ޖަވާބު ދިނީ ޒޯޔާއެވެ. ޑޮކްޓަރު ބޭހެއް ލިޔެދިނުމަށްފަހު އަނެއްހެން މައްސަލައެއްނެތޭ ޒޯޔާ ގާތު އާއި ޝާރިޤުގެ ގާތު ބުނެލިއެވެ. ނަމަވެސް ބަލައިގެން އުޅުމަށާއި ފިކުރު ނުކުރުމަށް ބުންޏެވެ.

ގެއަށް ދިއުމަށްޓަކާ ޒޯޔާ ބޭނުންވީ ކާރެއްގައި ދިއުމަށެވެ. ޝާރިޤު އެކަމާ މައްސަލައެއް ނުޖެއްސިއެވެ. އޭނައަށް ޒޯޔާ އޭނައާއެކު ދިއުމަށް މަޖުބޫރެއް ނުކުރެވޭނެއެވެ. ޝާރިޤުވެސް ސައިކަލުގައި ޒޯޔާގެ ކާރާއެއްވަރަށް އޭޑީކޭ ހޮސްޕިޓަލް ތެރެއިން ނުކުތީ ސޯސަންމަގަށެވެ. ޓްރެފިކް ލައިޓް ރަތްވެފައި އިނުމުން މަޑުކޮއްލައިގެން އިނެވެ. ޝާރިޤުގެ ލޮލުގައި ކުއްލިއަކަށް އަޅައިގަތީ އިބްރާޙީމް މިސްކިތް ކައިރީ ލައިޓުގައި ޖެހިފައި އިން ޝާހިޤެވެ. އޭނަށް ފެންނަމުން ދިޔަ މަންޒަރުތައް ގަބޫލެއްވެސް ނުކުރެވުނެވެ. ޝާރިޤަށް ބަލާލެވުނީ ކާރުގައި އިން ޒޯޔާ އަށެވެ. އަދި އޭނައަށް ފެނިދާނެތީ ސައިކަލު ކުރިއަށް ޖައްސާލިއެވެ. އެއީ އެމަންޒަރު ފެނުމުން ޒޯޔާއަށް ވެދާނެގޮތަކާއި ދޭތެރޭ ޝާރިޤު ބިރުގަތީއެވެ.

ގެއަށް އާދެވުނު އިރު ޝާރިޤުގެ މޫނުމަތީގެ ކުލަވަރުވަނީ އެއްކޮށް ބަދަލުވެފައެވެ. ސިކުނޑީގައި އެތަކެއް ސުވާލުތަކެއް އުފެދެމުންދިޔައެވެ. ޒޯޔާ އާއިއެކު އެކީހެން ގެއަށް ވަދެގެން އައި ޝާރިޤަށް ސިޓިން ރޫމުގައި ތިބި އެންމެން ބަލާލިއެވެ. މާދަމާއަކީ އީދުދުވަހަށް ވާތީ އެކަމުގެ ވާހަކަދައްކަން ގޭގެ ހުރިހާ އެންމެން ސިޓިން ރޫމުގައި ތިއްބެވެ. “ކޮންތާކަށް ގޮސްލާފަ ތިއައީ……….” އެންމެ ފުރަތަމަވެސް ސުވާލު ކުރީ ނާދިއާއެވެ. ޑޮކްޓަރަށް ގޮސްފައި އައި ވާހަކަ ބުނުމުން ނާދިއާ ކަންބޮޑުވިއެވެ. ޒޯޔާ އާދައިގެ މަތިން ދައްކާލަން ދިޔައީއޭ ބުންޏެވެ. ނާދިއާ ޒޯޔާ ޝާހިޤު އާއި ވަކިން ދިއުމުން ހިތްހަމަ ނުޖެހުނެވެ.

ދުވަސްތައް ފާއިތުވަމުން ގޮސް ޒޯޔާގެ ބަނޑަށް އަށްމަހާ ފަނަދުވަސް ވީއިރު ޒޯޔާ ގެ ލޮލުން ކަރުނަ ނުހިލޭ އެއްމެ ރެއެއްވެސް ނުދެއެވެ. ކޮންމެ ރެއަކުވެސް ޒޯޔާއަށް ނިދެނީ ޝާހިޤު އަންނާނެ އިރެއްގެ އިންތިޒާރުގައި އޮއްވައެވެ. ޝާހިޤު ގާތު ވާހަކައެއް އަހާލިއަސް އެވާނީ ޝަކުވާ ކުރާކަމަށެވެ. ޒޯޔާއަށް ރަގަޅަށް އެއްވެސް ކަމެއް ނުކުރެވެއެވެ. އޮންނާނެ ގޮތެއް ކީއްކުރަން އިންނާނެ ގޮތެއްވެސް މިހާރަކު ޒޯޔާއަކަށް ނޭގެއެވެ. ޝާހިޤުގެ ހިތްހަމަ ޖައްސާ ދެވޭތޯ ލައްކަ މަސައްކަތް ޒޯޔާ ކުރެއެވެ. އެކަމަކު ޝާހިޤަށް ކަމުދާނެ ހެއްޔެވެ. އޭނަ ހުރީ ޒޯޔާދެކެ ފޫހިވެފައެވެ. ވީއިރު އޭނަ ކުރާ އެއްވެސް ކަމެއް ޝާހިޤަށް ކަމުދާނެ ހެއްޔެވެ. ޒޯޔާގެ ހަށިގަނޑަށް ހިތްހަމަ ނުޖެހުމުގެ ހޫނު އެތިފަހަރު މަދުން ނަމަވެސް އަރަންފަށައިފިއެވެ.

ޝާރިޤަށް އެދުވަހު ފެނުނު މަންޒަރަކީ މިހާރު ގޭގެ އެންމެނަށް އެނގޭ ކަމެކެވެ. އެކަމަކު ނާދިއާ އާއި އަލިމަނިކު ފިޔަވައެވެ. ޝާހިޤު ނައުރީން ގޮވައިގެން ސައިކަލުގައި ބުރުޖެހުމާ، ހެންވޭރު ތިންކަން ގާކައިރީގައި ހުންނަ ގާޑިއާތަށް ކައިރީ ދުފަންތިބުމާ، ކުރުނބާ ބުއިންފަދަ މަންޒަރު ތަކަކީ ގޭގެ ކުދިންނަށް ފެނި ބާވެފައިވާ ކަންތައްތަކެވެ. ކޮންމެ މީހެއްވެސް އެވާހަކަ ދައްކަން ނުކެރިފައި ހުންނަނީ ޒޯޔާއަށް އެކަން އެނގުމުން ވެދާނެ ގޮތެއް ހިތަށް އަރާފައެވެ. ޒޯޔާ އަށް މިމަންޒަރުތައް ނުފެނުނަސް ޝާހިޤާ ނައުރީންގެ ކުޅިގަނޑުވަނީ އެނގިފައެވެ. ޒޯޔާވެސް އޭނަގެ މޫނުމަތީގައި ވާ ހިތުންވުމުގެ ނިވަލުގައި އޭނަގެ ހިތްދަތިކަން ފޮރުވާލައިގެން މަޑުމަޑުން ހުންނަނީ ގޭގެ މީހުންނަށް އެނގުމުން ވާނެ ގޮތެއް ހިތަށް އަރާފައެވެ. އެކަމާ ޒޯޔާ ލަދުގަނެ ދެރަވާނެ ވަރު ހިތަށް އަރާފައެވެ. ދެލޮލަށް ޖަމާވާ ކަރުނަތައް ހިންދާލަމުންނެވެ. ހިތުގާ އަޅާ ވޭން ފޮރުވާލުމަށް ހިނިތުންވެލާ ކޮންމެ ފަހަރެއްވީ ޒޯޔާގެ ހިތަށް އިތުރުވޭންތަކެއް ދޭ ފަހަރުތަކަށެވެ. މިކަންތައްތައް ސިއްރެއްގެ ގޮތުގައި ނޯންނާނެކަން ހުދު ޒޯޔާއަށްވެސް އެނގެއެވެ. މިކަންތައްގަޑުގެ ނިމުން އަންނާނީ ކިހިނެތް ކަމެއް ކޮންއިރަކު ކަމެއް ޒޯޔާއަކަށް ނޭގެއެވެ.

މަލާކް އަކަށް މިގޮތެއް ވަރިހަމައެއް ނުވިއެވެ. އޭނައަށް ޝާމިންގެ ގާތު ޝާހިޤުގެ ވާހަކަ ދެއްކޭލެއް ގިނައެވެ. ޝާހިޤަށް ނަސޭޙަތްތެރިވުމަށާއި އޭނަ ރަގަޅު މަގަށް އެޅުވުމަށް ޢާއިލާގެ ދޮށީ ކުއްޖާގެ ހައިސިއްޔަތުން ވާނެކަން މަލާކް ޝާމިން އަށް ވިސްނާދެއެވެ. އެގޮތަށް ހެދުމަކުން އަދި އެއީ ދެމަފިރިންދޭތެރެއަށް ވަދެވުނީކީ ނޫންކަން ބުނަމުންދިޔައެވެ. ޝާމިންއަށް މަލާކްގެ ވާހަކަތަކުން އެއްޗެއް ވިސްނުނީ ކަންނޭގެއެވެ. އޭނަ ޝާހިޤު ގޮވައިގެން އެކަހެރި ވެލިއެވެ.

“ޝާހިޤު ދޮންބެ ވަރަށް ބޮޑު ވާހަކައެއް ދައްކަން މިއުޅެނީ………” ޝާމިން ފުންނޭވާއެއްލަމުން ބުނެލިއެވެ. ޝާހިޤު ހަމައެކައްޗެކޭވެސް ނުބުނެ ކިޔަމަންތެރިކަމާއިއެކު ކުޑަކުއްޖެއްފަދައިން އިނެވެ. “ޝާހިޤު، ދޮންބެއަށް މި ފަހަކަށް އައިސް މިފެންނަނީ ކޮންކަހަލަ މަންޒަރުތަކެއްތަ؟” ޝާމިން ޝާހިޤަށް ސުވާލުކޮށްލިއެވެ. “މިބުނީ ސައިކަލު ފަހަތުން ފެންނަ އަންހެން ކުއްޖާގެ ވާހަކަ” ޝާމިން ތަންކޮޅެއް ތަފްޞީލުކޮށްލިއެވެ. “އެއީ ރައްޓެހި ކުއްޖެއް” ޝާހިޤު ޝާމިންއަށް ބަލާވެސް ނުލާ ބުނެލިއެވެ. އޭނަގެ އަޑުންވެސް އޭނައިނީ އެވާހަކަ ދައްކަން ބޭނުންނުވެފަކަން އެނގެއެވެ. “ދޮންބެއަށް ރައްޓެސަކަށްވުރެ މާ ގާތްހެން ހީވަނީ……..އަޅެ ބުނެބަލަ، ޝާހިޤު އަނެއްކާވެސް ތިއުޅެން ގަސްތުކުރީ ކުރިންވެސް އުޅޭގޮތަށް ދޯ. ތީ އަދި ރަގަޅު ގޮތެއް ނޫން……ޒޯ ކިހާ ދެރަވާނެ ކޮއްކޮ ތިހެން އުޅުނީމަ، އަޅެ އެއްފަހަރުވެސް ލިބެން އުޅޭ ކުދިންނާއި ދޭތެރޭ ވިސްނާލަބަލަ، ޝާހިޤު މިހާރު ހަރުދަނާވާން ޖެހޭނެއެއްނު، ޒޯޔާއަށް އެނގޭ ދުވަހަކުން އޭނަ ހާދަ ދެރަވާނެއޭ…….ޒޯ ޝާހިޤުދެކެ ހާދަ ލޯބިވެޔޭ….” ޝާމިންގެ ވާހަކަ މެދުކަނޑާލަން ޖެހުނެވެ. ޝާހިޤު އެކަމާ ނުރުހުމުންނެވެ.

“ދޮންބޭ އަހަރެން ޒުވާބުކުރާކަށް ބޭނުމެއްނޫން……ކާކުތަ ބުނީ އަހަރެން ޒޯޔާގެ ބަނޑުގައިވަނީ އަހަރެންގެ ދަރިންނެއް ނޫނޭ……ހަމަގައިމުވެސް މަށެއް ނުބުނަން، އަހަރެން މިހާރު ޒޯޔާދެކެ ލޯތްބެއް ނުވޭ………އަހަންނަށް ރަގަޅީ ދޮންބެވެސް އަހަރެން އުޅެންވީގޮތް ކިޔާނުދިނިއްޔާ………އަހަންނާ ޒޯޔާގެ ދިރިއުޅުން ގެންދާނެ ގޮތެއް އެނގޭނީ ހަމަ އަހަންނަށް…………” ޝާހިޤު ބުނި ޖުމްލަތައް އަޑުއިވިފައި ޝާމިންއިނީ ހަމަ ބުނާނެ އެއްޗެއްވެސް ނޭގިފައެވެ. ޝާހިޤު ބަދަލުވެފައިވާ މިންވަރު އެޖުމްލަތަކުންވެސް ޝާމިންއަށް އެނގިގެން ހިގައްޖެއެވެ. ދެން ބުނާނީވެސް ފަހެ ކީކޭހެއްޔެވެ. އިތުރަށް އެއްޗެއް ބުނެފިނަމަ ކަންތައް ގޯސްވުން ނޫންކަމެއް ނުވާނެއެވެ. އެހެންވެ އިރުއޮއްސުނު ފަހުން ގެއަށް އާދެވުނު ޝާމިން މިހަބަރު މަލާކްއަށް ދިނެވެ.

ރޭގަނޑުގެ ކެއުމުގެ ވަގުތެވެ. ހުރިހާ ކުދިން ކާމޭޒު ދޮށުގައި ތިއްބެވެ. ޝާހިޤު ފިޔަވައެވެ. ނާދިއާ ޒޯޔާއަށް ކުދިކިޔައެވެ. ޒޯޔާ ގެ މޫނުމަތި މިލާ އަނަރޫފަ ވާހެން ހީވާތީއެވެ. “ދަރިފުޅު މިހާރު ރަގަޅަށް ކަނީކީ ނޫން ، ދެން ކިހިނެތް ބަނޑުގައިވާ ކުދިންނަށް ވާނީ، މި ޝާހިޤުވެސް ނޫޅޭނެ ޒޯ އަށް ކާންދޭކަށް، އިނގޭތަ…….މަންމަ ބޭނުންވަނީ ޒޯ ސިޒޭރިއަން ހެދުމަށްވުރެން ވިހަން، މަންމަ ހިތަށް އަރަނީ ލޯބި ލޯބި ކުޑަ ކުޑަ ޒޯޔާ އަކާ ޝާހިޤެއް ލިބޭނެނަމައޭ………” ނާދިއާ ހިނިތުން ވެލަމުން ޒޯޔާގެ ބަނޑުގައި ފިރުމާލިއެވެ. “މަންމާ އަޅުނގަޑު އިރާދަކުރެއްވިއްޔާ ކުޑަކުޑަ މިޝްކާއެއް ދީފާނަމޭ…….އޭރުން މާމާ ގޮވަމުން ގޭގަ ދުވާނެ ދޯ……..ހެހެހެ” މިޝްކާ މަޖާވެލާފައި ބުނެލިއެވެ. އެންމެން ހޭން ފެށިއެވެ. ޝާމިން އާއި މަލާކަށް އިރުއިރުކޮޅާ ޒޯޔާއަށް ބަލާލެވެއެވެ.

ރޭގަނޑުގެ ކެއުމަށްފަހު ޒޯޔާ ބެލީ އޭނަގެ ކޮޓަރިއަށް ވަދެވޭތޯއެވެ. އޭނަ ބޭނުންވަނީ އެހެންމީހުންނާ އެކަހެރިވެލާށެވެ. ބަސްހުއްޓިފައި އެނދުގައި ފުންހިޔާލެއްގެ ތެރެއަށް ގެނބިގެން ދާ ޒޯޔާ ގެ ތުންފަތަށް އިރުއިރުކޮޅާ ކުޑަނަމަވެސް ހިނިތުންވުމެއް ވެރިވެއެވެ. އެހެންނުވާންވި ސަބަބެއް ނެތެވެ. އޭނަ ކައިވެނިކޮށްގެން އުޅުނީ ކިހާ އުފަލުގަހެއްޔެވެ. އެއީ އޭނަގެ ހަޔާތުގަވެސް އައި އެންމެ އުފާވެރި ދުވަސްތަކެވެ. ހަޔާތުގެ ބަހާރު މޫސުމެވެ. މީހުން ބުނާތި އަހަމެވެ. ކޮންމެ ބަހާރު މޫސުމަކަށްފަހު ހަރީފު މޫސުމެއް އަންނާނެއެވެ. އެކަމަކު އެއީ ދެއްކަން ގަބޫލު މިކުރެވުނީ އަދިކިރިއާއެވެ.

ދަންވަރު ދެގަޑިބައިވެ ތިނެއްޖަހަނީއެވެ. ޝާހިޤުއައިސް ކޮޓަރިއަށް ވަތްއަޑަށް ޒޯޔާއަށް ހޭލެވުނެވެ. ލޯ ހުޅުވާ ބަލާލިއިރު އެއްޗެހި ބަދަލު ކުރަނީއެވެ. އެއުޅެނީ ފާހާނާއަށް ވަންނަންކަން ޒޯޔާއަށް އެނގުނެވެ. އަދި ދެންނުކުމެ ބުނާނީ ކާންހަދަންކަންވެސް ޒޯޔާއަށް އެނގުނެވެ. އެހެންވެ ޒޯޔާ ތެދުވެލަމުން ކާން ހަދަންތޯ ސުވާލު ކުރިއެވެ. ޝާހިޤު ކާކަށް ބޭނުމެއް ނުވިއެވެ. ޒޯޔާވެސް އެނދުގައި ޖައްސާލީއެވެ. ޝާހިޤު ފެންވަރައިގެން ނުކުމެ ނިދަން ތައްޔާރު ވެލިއެވެ. އޭރު ޒޯޔާ އޮތީ ލޯމަރާލައިގެންނެވެ. ޝާހިޤު ބޭނުންވީ ޒޯޔާއަށް އެވަގުތު އުނދަގޫކޮށްލާށެވެ. އެހެންވެ ޒޯޔާއަށް ގޮވިއެވެ. އޭރު ޒޯޔާއަށް ނުނިދެއެވެ. އޭނަ ލޯމާރާލައިގެން އޮތްކަމެވެ. “ޒޯ…….ދޭބަލަ މަށަށް ކާން ހަދަން………….ކޯޗެއް ހުރީ އަނެއްކާ” ޝާހިޤު ޒޯޔާއަށް ގޮވާ ކޮޅަށް ޖަހަމުން ބުނެލިއެވެ. “އެބަހުރި ކުޅިމަސްވެސް، ރޮށިވެސް ހުންނާނެ………ދެން ދޮންބެދައްތަ ކެއްކި މިއަދު ވަރަށް މީރު ތަރުކާރީ ރިހައެއްވެސް” ޒޯޔާ އިސްތަށިގަނޑު ރީތިކޮއްލަމުން ބުނެލިއެވެ. އޭނައަށް ޝާހިޤުގެ އެއްވެސް ކަމެއް ކޮށްދޭކަށް ބުރައެއް ނުވާނެއެވެ. އަދި އެކަމާ ދުވަހަކުވެސް ޝަކުވާއެއް ނުކުރާނަމޭ ޒޯޔާގެ ހިތަށް އަބަދުވެސް އަރައެވެ. “ކާން ހަދާފަ މަށަށް ގޮވާ………..” ޝާހިޤު ބުނެލިއެވެ.

ޒޯޔާ ކާގޭގެ ލައިޓު ޖައްސާލިއެވެ. އަދި ޝާހިޤަށް ކާން ތައްޔާރު ކުރަމުން ދިޔައެވެ. އޭރު ގޭތެރެވަނީ އެއްކޮށް ފަޅުވެފައެވެ. އެންމެންވެސް ވަނީ އަރާމުނިދީގެ ތެރޭގައެވެ. ޒޯޔާ ތަށިތައްނަގާ ބަހައްޓާ އަޑާއި ތެލީގެ މަތިގަނޑު ނަގާއަޑުފަދަ ކުދި ކުދި އަޑުތައް ނޫނީ ނީވެއެވެ. ޒޯޔާވެސް އެކަންތައްތައް ކުރަމުންދިޔައީ ވީހާވެސް މަޑަކުންނެވެ. ގޭތެރޭގެ މީހުން ހޭލަފާނެތީއެވެ.

ކާން ތައްޔާރު ކުރެވުމުން ޝާހިޤަށް ގޮވިއެވެ. އޭނަ އައިސް ކާން އިށީނެވެ. އޭނައަށް ކާންހުރި އެއްޗެއް ކަމަކު ނުދިޔައެވެ. “ޒޯ ބަލާބަލަ ކަބަޑުގަ ނޫޑުލިސް ޕެކެޓު ހުރިތޯ……” ޝާހިޤު ޒޯޔާއަށް ބުނެލިއެވެ. ޒޯޔާ ތެދުވެ ކަބަޑު ހުޅުވާލިއެވެ. “މަށެއް މިއެއް ނުކާނަން، ޒޯ އަހަންނަށް ނޫޑުލިސް ޕެކެޓެއް ހަދާދީބަލަ……” ޝާހިޤު ކެއުމަށް ބަހައްޓާފައިވާ ތަށި ދުރަށް ޖައްސާލަމުން ބުނެލިއެވެ. ޝާހިޤު ބޭނުންވަނީ ޒޯޔާގެ ކެތްތެރިކަން އިމްތިހާން ކުރަންބާއެވެ.

ޒޯޔާ ހަމަ އެއްވެސް އެއްޗެއް ނުބުނެ ނޫޑުލިސް ކައްކަން ތައްޔާރުވިއެވެ. ފިޔަޔާ ކުޑަ ތަރުކާރީ ކޮޅެއް ސާފުކޮށްލައިގެން އޭތި ކޮށަން ގޮޑީގައި އިށީނެވެ. ހޫނުފެން ކައްކަން ތެލިހުރީ އުދާފައެވެ. ފަސްމިނެޓު ވާންވާއިރަށް ޝާހިޤަށް ލަސްވާން ފަށައިފިއެވެ. ޒޯޔާ އޭނައަށް ވީ އެންމެ އަވަހެއް ކުރުމަށް މަސައްކަތްކުރިއެވެ. ހޫނު ފެންއެތި އޮއްސާލި ވަގުތެވެ. ޒޯޔާ އަވަސްކުރަން ހަދައިގެން ތެލި ސިންކުކައިރިން ކާހާލައިގެން ސިންކުތެރެއަށް ވެއްޓެން ދިޔަވަގުތެވެ. ބޭއިހްތިޔާރުގައި ޒޯޔާ އަށް ތެލީގައި ހިފާލެވުނީއެވެ. ތެލިން އޮހެމުން ދިޔަ ހޫނު ފެންތަކާއެކު ނޫޑުލިސްއެތި ބަންޑުންވިޔަ ނުދިނުމަށްޓަކައެވެ. ނަގައިގަތް ދިލައާއިއެކީ ޒޯޔާ ރޮއެގަންނަން ބޭނުންވިއެވެ. އެކަމަކު ޒޯޔާ ރޯންވީ ކާކު އަޑުއަހާނެކަމަށް ހެއްޔެވެ. ޒޯޔާ ރަތްވެފައިވާ އަތްތިލަ އާއެކު ނޫޑުލިސް ކައްކާ ކާން ހެދިއެވެ.

ދެކޮޅަށް ހިނގަ ހިނގާ ހުރި ޝާހިޤު އަނެއްކާވެސް ކާން އިށީނެވެ. އަދި އުލުން ކުޑަކުޑަކޮށް ނޫޑުލިސް އެތިން ރަހަބާލިއެވެ. ޒޯޔާ އިށިންނަންވެސް ނޭގިފައި ޝާހިޤުކައިރީ ހުއްޓެވެ. ޝާހިޤު އަށް ފަނިއަޅާ ދީފައިވާ ތައްޓެއް ކަމަކު ނުދިޔައެވެ. އަނެއްކާ ފަނިތަށި ބަދަލް ކުރަންޖެހުނެވެ. ޝާހިޤުގެ ކުރިމަތީ ފަނިއަޅާ ދިނުމަށް ފުޅީގައި ދެއަތުން ޒޯޔާ ހިފަހައްޓާލީ ޝާހިޤަށް އޭނަގެ އަތް ފެނޭތޯއެވެ. އެކަންވީ ބޭކާރުކަމަކަށެވެ. “އަހަރެން ފުރިއްޖެ………ދެން ނުކެވޭނެ” ޝާހިޤު ދެތިން އެތިކޮޅު އަނގައަށް ލުމަށްފަހު ބުނެލިއެވެ. “ޝާހިޤު….ތިހެން ނަހަދާ…….ކާއެއްޗެހި އިސްރާފު ކުރާކަށް ނުވާނެއެންނު……..ޝާހިޤު ކާނަމޭ ބުނީމައެންނު މިނޫޑުލިސްވެސް ހަދާދިނީ” ޒޯޔާ ޝާހިޤު އެއްޗެހި އިސްރާފު ކުރާތީ ބުނެވުނެވެ. “އަހަންނަށް ނުކެވޭނެތީ އެންނު މިބުނީ ދެން ނުކެވޭނެއޭ…….އެހެންނޫނަސް މީ ޒޯޔާ ހޯދާފަ ހުރި އެއްޗެހިތަ، ޒޯޔާއަށް ތިހާ ތި އަސަރު ކުރަނީ..” ޝާހިޤު ރުންކުރުގޮތަކަށް ބުނެލިއެވެ. “އެހެނެއް ނޫނޭ، ރުޅި ނާދެބަލަ…..ޒޯ ހާދަ ވަރުންނޭ ނޫޑުލިސް ހަދާދިނީ، ޝާހިޤު ކާހިތުން ބުނީމައެއްނު، ކާހިތްނެތިއްޔާ މިގޮތަށް އެއްޗެއްހި ތައްޔާރު ކުރުމުގެ ބޭނުމަކީ ކޮބާ……” ޒޯޔާ ބުނެލިއެވެ. “ހާދަ ހާސަރުގިނަ ކުރަން އުޅެޔޭދޯ…..އަހަރެން ބުނީމަ ދެން އެއްޗެހިނެގީމަ ނިމުނީނު………ޒޯޔާ ޖެހޭތަ ކޮންމެހެން ކީއްވެ ބުނިއެއްޗެއްތޯ ބަލަން………” ޝާހިޤު ރުޅި އައިސްގެން ތަށީގައި އޮތް އުލުގައި ޖެހިއެތިފަހަރު ތަށިވެސް އަރިއަޅާލައިގެން ވެއްޓި ޓައިލްސްތަކުގައި ޖެހި ކުދިކުދިވިއެވެ. ޒޯޔާ ދިޔައީ ސިއްސައިގެންނެވެ. އަވަސް އަވަހަށް އެތަން ސާފު ކުރުމަށް އެޅެގަތެވެ. ގޭތެރޭގެ މީހުން ހޭލައިފިނަމަ އެތަކެއް ސުވާލު ތަކެއް ކުރިމަތި ވާނެކަން އެނގޭތީއެވެ. ޝާހިޤު ދިޔަގޮތަށްގޮސް ވަނީ ކޮޓަރިއަށެވެ.

އަޑުފަށްގަޑާއެކު އެންމެ ފުރަތަމަވެސް ނުކުތީ ޝާރިޤެވެ. މަލާކް އާއި ޝާމިންއަށްވެސް އާދެވުނީ ދުވަމުން ކަހަލަ ގޮތަކަށެވެ. އޭރު ނާދިއާ އާއި އަލިމަނިކުވެސް ޝާދިންގެ ދެމަފިރިންނާއެކު އެތަނަށް އައެވެ. އެމީހުންނަށްވެސް ލިބުނީ ޝޮކެކެވެ. ޒޯޔާ ގޭގެ އެންމެން ހޭލުމުން ހާސްވެގެން ގޮސް ދާހިއްލަން ފެށިއެވެ.

“ޒޯ………”ނާދިއާއަށް ތަޅައިގެން ގޮސްފައިވާ ތަށީގެ ފުޅިތޮށިތަށް ނަގަން އިން ޒޯޔާ ފެނުމާއެކު ބުނެލެވުނެވެ. ޒޯޔާ އޭނާގެ އަށްމަހުގެ ބޮޑު ބަޑާއިއެކު އުޅުނީ ރަގަޅަށް ގުދުވެސް ނުވެވިގެންނެވެ. އެކަމަކުވެސް ތަޅައިގެންގޮސްފައިވާ ތަށީގެ ބިއްލޫރިކޮޅުތަށް ނަގަމުން ދިޔައެވެ. މަލާކްވެސް ބަލަންނުހުރެ އަވަހަށް ޒޯޔާއަށް އެހީތެރިވުމަށް އައެވެ. “ސުބުޚާނަﷲ……..” ޒޯޔާ ނަގަމުން ދިޔަ ފުޅިތޮށިތަށް އަތުލުމަށް ނާދިއާ އުޅުނު ވަގުތު ބުނެވުނެވެ. އެންމެންގެ ސަމާލުކަން ވަގުތުން ނާދިއާއަށް ހުއްޓުނެވެ. ކައިރީގައި ހުރި މަލާކަށްވެސް ބަލާލެވުނީ ނާދިއާގެ އަތާ ދިމާލަށެވެ. “ނާދިއާ………” އަލިމަނިކަށް ބުނެލެވުނެވެ. އޭނަވެސް ވީގޮތެއް ބަލަން އުޅުނެވެ.

“ދަރިފުޅަށް ހަމަމިވަރު ވީއިރުވެސް ނޭގޭތަ………..ހުއްޓާލާ….ހުއްޓާލާ، ތިކަންތަށް ޒޯޔާ ކުރާނެކަމެއްނެތް” ނާދިއާ ޒޯޔާގެ އަތުގައި ހިފަމުން ބުނެލިއެވެ. އާއެކެވެ. ޒޯޔާގެ އަތްތިލައަށް ހޫނުފެން އެޅުމުގެ ސަބަބުން ރަތްވެ ހަންގަނޑު ތުނިވެފައިވާ އަތްތިލަވަނީ ބިއްލޫރި ކޮޅަކުން ކަފައިގެންގޮއްސައެވެ. ޒޯޔާގެ ހިތްއަވަސްވި ވަރުން އަވަހަށް ބިއްލޫރިކޮޅުތަށް ނަގަން އުޅުމުގެ ތެރޭ އަތްކަފައިގެން ދިޔަކަމެއް އިޚްސާސްނުވީ އަތްތިލައިން އޭރުވެސް ނަގަމުން ދިޔަ ދިލަތިރިނުވާތީއެވެ.

“މަންމާ………..ކިހިނެތްތަށްވީ؟” އެންމެނަށްވުރެ ކުރިން ޝާރިޤަށް އަހާލެވުނެވެ. އޭނައަށް ދުރުގައެއް ނުހުރެވުނެވެ. ނާދިއާގެ ކައިރިއަށް އަވަހަށް ޖެހިލިއެވެ. “ޒޯ………..” ޝާރިޤަށް ޒޯޔާގެ ރަތްވެފައިވާ އަތްތިލާގައި ހުރި ލޭތަށް ފެނުމުން ބުނެލެވުނެވެ. ނާދިއާ ޒޯޔާ އަވަހަށް ކާމޭޒުގެ ގޮނޑިއެއްގައި ބެއިންދިއެވެ. އަދި ބޮޑުތައްޓަކަށް ފެންއަޅައިގެން ގެނެއެވެ.

މަލާކް ފަސްޓެއިޑު ފޮށި ގެނައުމަށް ބުންޏެވެ. ޝާމިންނަށް ވުރެ އަވަހަށް ޝާރިޤު އެކަމާ އަވަސްވެގަތެވެ. ޝާރިޤުގެ މިފަދަ ޢަމަލުތަށް ގޭތެރޭގެ އެކަކަށްވެސް ފާހަގައެއް ނުކުރެވެއެވެ. ނާދިއާ ޝާހިޤަށް ދެފަހަރަކު ގޮވާލިއެވެ. އޭނަގެ ހަބަރެއް ނުވުމުން ޝާދިން ގާތު ކޮޓަރިއަށްވަދެ ބަލާލުމަށް ބުންޏެވެ. “މަންމާ، މީ ދެން އެވަރު ކަމެއް ނޫނޭ، ޝާހިޤު ވަރަށް ވަރުބަލިވެފަ އެހެރީ…….އެހާ ހެދުނާ ހޭލަންވެސް ޖެހޭ. ބޭސް އަޅާލަނިކޮށް ރަގަޅު ވެދާނެ” އަވަސް އަވަހަށް ޒޯޔާ ބުނެލިއެވެ. ޝާދިން ދިން ޖަވާބުން ނާދިއާ ހައިރާންވިއެވެ. އެހާ އަވަހަށް ޝާހިޤު ހަމަ ނިދީބާއޭ ނާދިއާގެ ހިތަށްއެރިއެވެ. ޝާހިޤު ޒޯޔާ އާއިދޭތެރޭ ފަރުވާކުޑަކުރާތީ ނާދިއާ އެކަމާ ވަރަށް ހިތްހަމަނުޖެހުނެވެ. ނާދިއާކައިރީގައި ހުރި މަލާކް އާއި މިޝްކާ ޒޯޔާއަށް ބަލާލީ ހަމްދަރުދީގެ ނަޒަރަކުންނެވެ.

ޒޯޔާއަށް ބުނާނެއެއްޗެއް ނޭގިފައި އިނދެވުނީއެވެ. ނާދިއާ އަވަސް އަރުވާލާފައި ޒޯޔާގެ އަތް ބެންޑޭޖު ކުރުމުގައި އުޅެއެވެ. އެހެންނަމަވެސް ނާދިއާ ޒޯޔާގެ އަތްތިލަ ބެންޑޭޖު ކުރަމުންދިޔައިރު ދޭތެރެ ދޭތެރެއިން އެއްޗެއް ނުބުނެ އިން ޒޯޔާގެ އަނގައިން މަޑުއާހެއްގެ އަޑު ނުކުމެއެވެ. އެއަޑުއިވޭ ކޮންމެ ފަހަރަކު ކާމޭޒުގެ އަނެއްފަރާތުގައި ހުރި ޝާރިޤުގެ ހިތަށް ތޫނު އެއްޗެއް ހަރާލާފަދައެވެ. އޭނައަށްވެސް އެތަދު އިޚްސާސް ވާކަހަލައެވެ. ޝާރިޤު ދިޔައީ ޒޯޔާގެ ކޮންމެ ހަރަކާތަކަށް ލޯތްބާއެކު ބަލަމުންނެވެ. އަނެއްކޮޅުން އޭނަގެ ހިތުގައި ޝާހިޤަށް އުފެދެމުން އައި ނަފްރަތުވެސް ދިޔައީ އިތުރުވަމުންނެވެ.

މަލާކް ތަށިތަޅައިގެން ގޮސްފައިވާ ތަން ސާފުކޮށްލިއެވެ. މިޝްކާއަށް ލޭފެނުމުން މާގިނައިރަކު ނުހުރެވުނެވެ. އެހެންވެ ޝާދިން އޭނަ ގޮވައިގެން ކޮޓަރިއަށްވަނެވެ. ޝާރިޤުވެސް ކޮޓަރިއަށްވަނީ ޝާހިޤުއޭ ކިޔައިގެން އޭނައަށް އެއްޗެއް ބުނެވިދާނެތީއެވެ. އަލިމަނިކު އެއްވެސް އެއްޗެއް ނުބުނެ ކާމޭޒުކައިރީ އިނެވެ. އޭނަ ދިޔައީ ކޮންމެވެސް ކަމަކާ ވިސްނަމުންނެވެ. ދޭތެރެއަކުން ޒޯޔާއަށް ބަލާލައެވެ. ނާދިއާ ޒޯޔާގެ އަތް ސާފުކުރި ފެންތަށި ދޮންނަން ސިންކު ކައިރީ ހުއްޓެވެ. ޝާމިން މަލާކްއަށް ލޮލުގެ އިޝާރާތުން ކޮޓަރިއަށް ދިއުމަށް ބުންޏެވެ. މިމަންޒަރު އަތްތިލާގައި މަޑުމަޑުން ހިފަހައްޓާލައިގެން އިސްޖެހިފައި އިން ޒޯޔާއަކަށް ނުފެނެއެވެ. “ޒޯ ތިހެންނީނދެ ދެންދޭ އަވަހަށް ކޮޓަރިއަށް ނިދާލަން” ޝާމިން ބޭނުންވީ ޒޯޔާ ކޮޓަރިއަށް ފޮނުވާލާށެވެ. ޒޯޔާވެސް ފަނޑު ހިނިތުން ވުމަކާއެކު ތެދުވިއެވެ.

“މަންމަ އާއި ބައްޕަ ގާތު އަޅުގަނޑު އެބައޮތް ވަރަށް މުހިއްމު ވާހަކައެއް ދައްކަންވެފަ…….ބައެއް ފަހަރު ހިތަށް އަރާ އަނެއްކާ މިހާރުދެން އެވާހަކަ ދައްކަން މާލަސްވެއްޖެބާއޭވެސް……” ޝާމިން ޒޯޔާ ކޮޓަރިއަށް ވަނުމުން ބުނެލިއެވެ.

“ދަރިފުޅު ކީކޭތަ ތިކިޔަނީ………ބައްޕައަކަށް ނުވިސްނުނު…..” އަލިމަނިކަށް ޝާމިން ދައްކަން އުޅޭ ވާހަކައެއް ނޭގިގެން ބުނެވުނެވެ. ނާދިއާވެސް ޝާމިންގެ ވާހަކަތައް އަޑުއެހުމަށް މޭޒުކައިރީ އިށީނެވެ.

“މަންމާ…….ޝާހިޤު ކޮއްކޮ އުޅެނީ މިހާރު އެހާ ރަގަޅަކަށް ނޫން، އަޅުގަނޑުގެ ހިތްވަރަށްބުނޭ މިހާރު ޒޯއަށްވެސް އެކަން އެނގެއޭ، އެކަމަކު އޭނަ އެކަން ސިއްރުކުރަނީއޭ……..މަންމާ، ބައްޕާ އަޅުގަނޑުމެން ނޫނީ ދެން ޒޯއަށް އެއްބާރުލުންދޭނެ އެހެންބައެއް ނެތް، ޝާހިޤަށް ރަގަޅުމަގު ދައްކަންވެސްތިބީ އަޅުގަނޑުމެން، ޝާހިޤު އުޅުން ވަރަށް ވިޔާނުދާ، މިގޭ ކުއްޖެކޭ ބުނަންވެސް މިހާރު ލަދުގަނޭ، ޝާހިޤު މިފަހަކަށް އައިސް އުޅެނީ ފާޑެއްގެ އަންހެންކުއްޖެއް ސައިކަލު ފަހަތަށް އަރުވައިގެން އޭނައާއެކު، ތަންކޮޅެއް ކުރިން ރެއަކު އަޅުގަނޑުގެ ރައްޓެއްސެއްވެސް ދިމާވެގެން ބުނެފި މިގޭ ޝާހިޤު ކޮފީއެއްގައި އަންހެން ކުއްޖެއް ގޮވައިގެން ވަރަށް އެހެންކަހަލަ ގޮތަކަށް އުޅުނު ވާހަކަ، އޭނަ އަޅުގަނޑު ގާތު އެހީ ޝާހިޤު މިހާރު އޭނަގެ އަންހެނުން ވަރިކުރީހޯ………ދެން އަޅުގަނޑު ބުނާނީ ކީކޭ………ލަދުންވެސް ނެތްގޮތެއް. އަޅުގަނޑު ޝާހިޤުއާ ވާހަކަ ދެއްކުމުން އޭނަހުރީ ވަރަށް ހިތްހަމަ ނުޖެހިފަ. އެކަމުގެ ސަބަބުން މިހާރު އަޅުގަނޑާވެސް ވާހަކަދައްކައެއް ނޫޅޭ………ބުނީ އޭނަގެ ދިރިއުޅުމަށް މީގޭ މީހުން ފާޑު ކިޔާކަށް ނުޖެހޭނެއޭ………..ބައްޕާ، ދެން ކިހިނެތް ހަދާނީ، ޒޯ ކިހާ ދެރަވާނެ، މިހާރު އަނެއްކާ އޭނދީ އޭނަ އިންހާލު…………..” ޝާމިން އަށް އެވާހަކަތަށް ނާދިއާ އާއި އަލިމަނިކާ ހިއްސާކޮށްލެވުމުން ހީވީ އޭނަގެ ސިކުނޑިން ބައެއް ލުއިވެގެން ދިޔަހެންނެވެ.

ނާދިއާ ޝާމިންއަށް ބަލަހައްޓައިގެން އިންގޮތަށް ބަސްހުއްޓިފައި އިނެވެ. އަލިމަނިކަށް ޝާހިޤުގެ ކަންތައްތައް އެނގުމުން ދެފަރާތަށް ބޯހޫރުވާލެވުނެވެ. ހުއްޓުން އަރާފައި އިން ނާދިއާއިނީ ފުން ހިޔާލަކަށް ގެއްލިފައެވެ. އަލިމަނިކުގެ އަޑަށް ސިހިފައި ނާދިއާއަށް ބަލާލެވުނެވެ. ނާދިއާގެ ލޯވަނީ ފެންކަޅިވެފައެވެ. ނާދިއާ އަލިމަނިކަށް ބަލާލީ އަސަރުންފުރިގެންވާފަދަ ގޮތަކަށެވެ. ނާދިއާގެ ސިކުނޑިއަށް އެއައި ހަނދާންތަކެއްގެ ސަބަބުންނެވެ.

“ބައްޕައަށްވެސް ޒޯޔާ ދެރަވެފަހުންނަހެން ހީވިއޭ……..ބައްޕަ ތިކަމާ ޝާހިޤާ ވާހަކަ ދައްކާނަން، ޒޯޔާއަކީ ކިޔަމަންތެރި ރަގަޅު ކުއްޖެއް، އޭނައަށް ޒޯޔާވަރުގެ ކުއްޖެއް ލިބުންއެއީ އޭނަ އުފާކުރަންވީ ކަމެއް، ބައްޕަވެސް ބޭނުމެއްނޫން ޝާހިޤު ވިޔާނުދާވެގެން އެހެން އުޅޭކަށް…….ދެން މާދަމާ ހެދުނުން ތިކަމާ ވާހަކަދައްކާނީ ދޯ……..” އަލިމަނިކު ގޮނޑިން ތެދުވަމުން ބުނެލިއެވެ.

“އެކަމަކު ބައްޕަ އޭނަ ވަކިން ގެންގޮސްގެން ނަސޭޙަތް ދެއްވިއްޔާކަންނޭގެ ރަގަޅުވާނީ، އެހެން މިބުނީ ޒޯ އަށް އެނގޭކަމެއްވެސް ނޭގޭކަމެއްވެސް އަޅުގަނޑުމެންނަކަށް ނޭގޭ، ވީއިރު ޒޯއަށް އަޑުއިވޭފަދަ ގޮތަކަށް މިފަދަ ވާހަކައެއް ދެއްކުން ރަގަޅުނޫންކަމަށް ފެންނާތީ” ޝާމިން ބުނެލިއެވެ. އޭނަވެސް އަލިމަނިކާއެކު ހިނގައިގަތެވެ. ފަހަތުގައި ނާދިއާ ހުއްޓެވެ. ނާދިއާއަށް އަޑުއިވުނު ވާހަކައަކުން ވަރަށް އަސަރުކުރިއެވެ.

ކޮޓަރީގައި އޮތް ޝާރިޤަކަށް ނުނިދުނެވެ. އޭނަ އަށް ވިސްނެނީ ޒޯޔާ އާއިދޭތެރޭގައެވެ. ޝާހިޤު އެގޮތަށް އެއަންހެން ކުއްޖާއާއި ދޭތެރޭ ކަންތައްކުރަންވީ އޭނަގެ ކޮންކުށެއް އޮވެގެންބާއޭ ޝާރިޤުގެ ހިތަށްއަރައެވެ. ޒޯޔާ މޮޔައެއްފަދައިން ޝާހިޤުގެ ފަހަތުގައި އޭނަބުނިހާ ކަމެއްކޮށްދީގެން އުޅޭއިރުވެސް އެކަމާ ޝާހިޤު އުފާނުކުރަނީ ކީއްވެބާއޭ ޝާރިޤުގެ ހިތަށް އަރަމުންދިޔައެވެ. އެމައުސޫމު އަންހެން ކުއްޖާއަށް ޝާހިޤުގެ ފަރާތުން އަނިޔާލިބުމަކީ ޝާރިޤު ހިތަށް ކެތްވާވަރުގެ ކަމެއްނޫނެވެ. އޭނަ ޒޯޔާދެކެ އިންތިހާއަށް ލޯބިވާއިރުވެސް މީއިމްތިހާނެތް ކަމަށް ގަބޫލުކޮށް އެލޯބި ހިތުގައި ފޮރުވާލަނީ ޝާހިޤަށްޓަކައެވެ. ހިތްދަތިނުވާތީއެއްވެސް ނޫނެވެ.

ޝާރިޤު ރިމޯޓުނަގާ ޓީވީ ހުޅުވާލިއެވެ. އޭގެން ފެންނަމުން ދިޔައީ ޒޯޔާގެ ފޮޓޯތަކެވެ. އެނދުގައި އޮށޯވެލައިގެން އޮވެ ފަހަރަކު ފޮޓޮއެއް ބަލަމުން ދިޔައެވެ. މިއަދު އޭނަގެ ހިތަށް އެފޮޓޯތަކުންވެސް ފިނިކަންލިއްބައިދެއެވެ. ފޮޓޯތަކުގެ ތެރެއިން ޝާރިޤަށް ފެނުނު ފޮޓޮއަށް އެތަކެއްއިރަކު ބަލަން އޮވެވުނެވެ. އެއީ ގޭގައި ހިތާނަކޮށްގެން އުޅެނިކޮށް ނެގިފައިހުރި ފޮޓޮއެކެވެ. އެފޮޓޯގައި ޝާރިޤުގެ ފަހަތަށް ވަދެ ހުރި ޒޯޔާ އާއި މިހާރުގެ ޒޯޔާއާއި ވަރަށް ތަފާތެވެ. އެމޫނުގައި އޭރުގައި ހުރި އުފާވެރިކަމެއް މިހާރަކު ނެތެވެ.

“ކީއްވެތަ މިހިތް ތިލޯތްބަށް އަދިވެސް މިއެދެނީ…….ކީއްވެތަ ތިބާ ފެންނަކޮންމެފަހަރަކު މިހިތުގެ ވިންދުއަވަސްވެ މޭގައި އޮބިނޯންނަނީ، ޒޯޔާ…….އަހަންނަށް ބުނެދީބަލަ، އަހަރެންނަށް ދުވަހަކުވެސް ތިލޯބި ލިބޭނެތަ؟…….ކީއްވެތަ މިހިތްމިބުނަނީ ތިލޯތްބަށްޓަކާ ގުރުބާންވެސް ވެދާނަމޭ، ކީއްވެތަ……ކީއްވެ އިޝްޤީ ވޭނުން މިހިތް ރޮއްވާލަނީ………ކިހިނެތް އަހަރެން ތިލޯތްބާނުލާ އުޅޭނީ……..ކީއްވެތަ މިހިތް ހާސްވަނީމި، ލޯބިވާވަރުން އަހަރެން ނިމިދާންވީތަ ތިބާއަށްޓަކާ، މިހިތުގެ އެންމެ ފުނުން މިތުރާއަށް ލޯބިދޭނަން………..އެކަމަކު އެދުވަސް އަންނާނީ ކޮންދުވަހަކުން……….އަހަރެން ކިހިނެތް މިހާވަރަށް ކެތްތެރިވާނީ، ކީއްވެ އަހަރެންގެ ހަޔާތަށް މިހެންމިވީ………ކީއްވެތަ ޒޯޔާ…….ކިހިނެތް އަހަރެންނަށް ކަލާ ލިބޭނޭ….މިހިތްވެސް ބޭނުންވެޔޭ ކަލާ ހާޞިލްކުރަން….އެހެނީ ތިލޯތްބާ ކަލާގެ އުފާވެރިކަން ނޫން އެއްޗެއް މިހިތެއް ނޭދޭ….” ފޮޓޯގައިވާ ޒޯޔާގެ މޫނަށް ގެއްލިފައި އޮތް ޝާރިޤުގެ ހިތަށް އަރަމުންދިޔައެވެ. އޭނަގެ ލޯވަނީ ކަރުނުންފުރިފައެވެ. ހަޔާތުގައި މިހާތަނަށް އައިއިރު ދުވަހަކުވެސް އަދި މިފަދަ ދަރަޖައަކަށް ޝާރިޤު ގޮތްހުސްވެ އަސަރުކޮށްފައެއްނުވެއެވެ. އޭނަ ބާލީހުގެ ތެރޭ މޫނު ފޮރުވާލިއެވެ. ލޮލުން ފައިބަމުންދިޔަ ކަރުނަތަށް ހިފަހައްޓަން ވަރަށް މަސައްކަތްކުރިއެވެ. ޝާރިޤަށް އޭރުވެސް އޭނަގެ ހިތާ ޝާކުވާކުރެވެއެވެ. ޒޯޔާދެކެ އެވަރަށް ލޯބިވެވެންވީ ކީއްވެގެންހެއްޔެވެ. ހިތުގައެވަރަށް ވޭންއަޅަންވީ ކީއްވެގެންހެއްޔެވެ. ލޯބިވާ މީހާ ކުރިމަތީ ހުންނައިރުވެސް ލޯބިވެއޭ ބުނާނީކިހިނެތްހެއްޔެވެ. މިއަދު ޝާރިޤަށް އޭނަވަރުގެ ބަދުނަސީބުވެރިއެއްވެސް ނެތެވެ.

ހެދުނު ހައެއްޖެހިއިރު ޒޯޔާ ހުރީ ކޮޅަށެވެ. ޝާހިޤުގެ އެއްޗެހި އިސްތިރިކުރާށެވެ. އެއީ ޝާހިޤު މިހާރު ބޭނުންވަނީ އެދުވަހެއްގެ އެއްޗެއް ލާން ކައިރިކޮށްފައި އިސްތިރިކުރާށެވެ. މީގެ ކުރިން ޒޯޔާ ހުންނަނީ ހަފްތާއަށް ވާވަރަށް ޝާހިޤަށް ބޭނުންވާނެ ގަމީހަކަސް، ޓީޝާޓަކަސް، ފަޓުލޫނަކަސް އިސްތިރިކޮށް އަލަމާރީގައި އަޅުވާފައެވެ. އެހެންވިޔަސް ޒޯޔާގެ އެއްވެސް ޝަކުވާއެއްނެތެވެ. ލޯބިވާ ފިރިމީހާއަށް ހުރިހާ ކަމެއްވެސް ކޮށްދެންވާނީ ވީއެންމެ ރަގަޅަކަށް ނޫންހެއްޔެވެ.

ހަތެއް ޖެހުމުން ޒޯޔާ ޝާހިޤަށް ގޮވާލިއެވެ. “ނައު……..ދެން ނައު…………” ޒޯޔާ ޝާހިޤުގެ މޫނުގައި އަތްލުމުން ބުނެލިއެވެ. ޒޯޔާ އަށް ވަގުތުން އޭނަގެ އަތް ދުރަށްލެވުނެވެ. ޝާހިޤަށް މިކިޔެނީ ކީކޭކަން އެނގުނު ހިނދު ކުއްލިއަކަށް ދެލޯހުޅުވާލެވުނެވެ. އަވަސްއަވަހަށް ތެދުވިއެވެ. އަމިއްލައަށް ތުވާލި ހިފައިގެން ފާހާނާއަށް ވަނެވެ. ޒޯޔާ އެއްވެސް އެއްޗެއް ނުބުނެއެވެ. އޭނައަކީ ކަންފަތަށް އަޑުނީވޭ ބީރުމީހަކަށްވީނަމައޭ ޒޯޔާގެ ހިތަށް އެވަގުތު އެރިއެވެ. އެހެނީ ދެންމެ އެއިވުނުއަޑު ގައިމު ބީރުމީހަކަށް ނީވޭނެތާއެވެ.

ޝާހިޤު ފެންވަރައިގެން ރީތިވާކަށް މިހާރަކު ޒޯޔާއެއް ބޭނުމެއްނުވެއެވެ. އެކަމަކުވެސް ޝާހިޤު ތައްޔާރުވާ މަންޒަރުބަލަން ޒޯޔާ އިނެވެ. ކިތަންމެ ފަހަރަކު ތެދުވެ ޝާހިޤުގެ ބެގީ ރަގަޅު ކޮށްލަދީ، ސެންޓު ޖަހާލަދީ، ޓައީ ރަގަޅުކޮއްލަދީ ހަދާފާނަމޭ ޒޯޔާގެ ހިތަށްއަރައެވެ. ނަމަވެސް ދިރިއުޅުން މިއަދުމިވަނީ ހީވެސް ނުކުރާފަދަ ގޮތަކަށް ބަދަލުވެފައެވެ. މިގޮތަށް ވާނެކަމަށް އެކަކުވެސް ހިއެއްނުކުރާނެއެވެ. މިހާރު ޒޯޔާގެ ކުރިމަތީ ހުރި ޝާހިޤަކީ ޒޯޔާ ރައްޓެހިވެގެން ކައިވެނިކުރި ޝާހިޤެއް ނޫނެވެ. އެސިފަ ލިބިފައިވާ މުޅިން އެހެން މީހެކެވެ.

ޝާހިޤު ކޮޓަރިން ނުކުންނަން ހިނގައިގަތުމުން ޒޯޔާވެސް އޭނަގެ ފަހަތުން ހިނގައިގަތެވެ. ޒޯޔާ ބޭނުންވަނީ މީގެ ކުރީގައިވެސް ކަންތައްތައް ކުރާގޮތަށް ކުރާށެވެ. އާދައިގެ މަތިން މިއަދުވެސް ޝާހިޤު އުޅުނީ ސައިނުބޮއެ އޮފީހަށްދާށެވެ. އެހެނީ އޭނަ މިހާރު އެކާމޭޒު ދޮށުގައި އިށިންނާކަށް ބޭނުމެއް ނޫނެވެ. އާއިލާގެ މެމްބަރުން ދައްކާނެ ވާހަކަ އޭނައަށް އެނގޭތީއެވެ.

“ޝާހިޤު…..ދަރިފުޅާ” އަލިމަނިކު ގޮވާލިއެވެ. ޝާހިޤަށް ފުރަގަސް ދީފައި ދާކަށް ނުކެރުނެވެ. ކާމޭޒު ދޮށުގައި އައިސް ޝާހިޤު އިށީނެވެ. ޒޯޔާވެސް މޭޒުދޮށުގައި އިށީނެވެ. ހުރިހާ ކުދިން ހެދުނުގެ ސައިގައި ކާމޭޒު ދޮށަށް މިއެއްވީ ވަރަށް ދުވަސްކޮށްލާފައެވެ. މިއަދު އެންމެ ލަހުން ސައިބޯން ނުކުތީ ޝާރިޤެވެ. “ދަރުފުޅާ، ލޮލަށް ކިހިނެތްވެފަ ތިހިރީ، އަނެއްކާ ލޮލު ރޯގާތަ…….” ނާދިއާއަށް ޝާމިންގެ ގާތުގައި އިށިން ޝާރިޤުގެ ލޯފެނިފައި ބުނެލިއެވެ.

ޝާރިޤުގެ ދެލޯވަނީ ރޭގަ ރުއިމުގެ ސަބަބުން ވަރަށް ބޮޑަށް ރަތްވެ ކޮންމެވެސް ވަރަކަށް ދުޅަވެފައެވެ. އޭނަ ނާދިއާ ހަމަޖައްސާލިއެވެ. އަދި ކަތިނަޒަރުތައް ޒޯޔާއަށް ހުއްޓަމުން ދިޔައެވެ. ހެދުނު ހެދުނާ ތާޒާވެލައިގެން މަޑުނޫކުލައިގެ ހެދުމެއް ލައިގެން އިންއިރު އޭނަގެ ރީތިކަން އިތުރުވިއެވެ. ހުރިހާވެސް އެއްޗަކީ ޝާރިޤުގެ ނަޒަރިއްޔާތެވެ. އޭނަ ދެކޭގޮތެވެ.

އަލިމަނިކު ޝާހިޤުގެ ކައިރިން އެދުނީ މިއަދު އަލިމަނިކު ފިހާރައަށް ލާދެން ޝާހިޤު ދިއުމަށެވެ. އޭނަ ބޭނުންވަނީ ޝާހިޤުގެ ދިރުއުޅުން ހަލާކުގެ ތެރެއަށް ވެއްޓުމުގެ ކުރިން ސަލާމަތް ކުރާށެވެ. ބަފައެއްގެ ހައިސިއްޔަތުން ޝާހިޤަށް ރަގަޅު މަގުދެއްކުމަށެވެ. ޝާހިޤު އަވަހަށް ދިއުމަށް ވަރަށް ބަހަނާ ދެއްކިއެވެ. އެކަމަކު އަލިމަނިކު އެތަނުން އެއްވެސް އުޒުރެއް ގަބޫލެއް ނުކުރިއެވެ. ނާދިއާއަށް ޒޯޔާގެ މޫނަށް ބަލާލެވެއެވެ. އެމޫނުގައި ފޮރުވިފައިވާ ހިތްދަތިކަން ނާދިއާއަށް ކިތަންމެ ރީތިކޮށްވެސް މިއަދު އެބަފެނެއެވެ. އެހިތް ގިސްލަ ގިސްލާފައި އެތެރެހަށީގައި ރޮމުންގެންދާއިރު ބޭރުހަށިން ތުންފަތަށް ފަޑުނަމަވެސް ހިނިތުންވުމެއް ދައްކާލައިގެން އިން ޒޯޔާގެނެސް މޭގައި ބޮޑިކޮށްލާ ހިތްވިއެވެ. އެއީ ކޮންކަހަލަ ކުއްޖެއް ބާއޭ ނާދިއާގެ ހިތަށްއެރިއެވެ. އުމުރުން އެހާ ހަގުއިރު އޭނަ އުޅެމުން އެދަނީ އޭނަގެ އުމުރުގެ އެހެން ކުދިން އުޅޭ ގޮތަކަށްނޫނެވެ. އޭނަގެ ޅައުމުރު އެހަދިޔާ ކުރީ ޝާހިޤަށްޓަކައެވެ. އޭނަގެ އަމިއްލައެދުމަށްޓަކާ ކޮށްފައިވާ ހަމައެކަނި ކަމަކީ ޝާހިޤާ ކައިވެނިކުރުމެވެ. އެދިރިއުޅުމުގައި ހުޅުހިފާ ހިސާބަށް ދިޔައިރުވެސް ނުރުހިގެން އުފްވެސް ޝާހިޤާ ދިމާލަށް ބުނާއަޑު ނާދިއާ ނާހައެވެ. ދިރިއުޅުމުގެ ހުރިހާ ވޭނެއް އޭނަ އެކަނި އުފުލަމުން އެދަނީ ކިހިނެތްކަމެއް ނާދިއާއަށް ސިފަވެސް ނުކުރެވުނެވެ. ޒޯޔާގެ ހިތުގައި ހުރިހާކަމެއް ފޮރުވާ ފޮރުވާގޮސް އެހިތްފުރި ބަންޑުންވާނީ ކޮންދުވަހަކުން ބާއޭ ނާދިއާގެ ހިތަށް އެރިއެވެ. ގައިމުވެސް އެދުވަހަކުން އެހިތް ކުދިކުދި ވާނެކަން ނާދިއާއަށް އެނގެއެވެ. އެފަދަދުވަހެއް ޒޯޔާއަށް ނުދައްކަވާތޯ ހިތާހިތުން ނާދިއާއަށް ދުޢާކޮށްލެވުނެވެ.

ހެދުނު ސައި ނިންމާލާފައި އެންމެން އޮފީހަށްދިއުމަށް ނުކުތެވެ. “ޒޯ…….ކިހިނެތްތަށް މިހާރު” ޝާރިޤު ނުކުންނަން ދަމުން ޒޯޔާގެ އަތުގައި އަތްބީއްސާލިއެވެ. އެވަރުންވެސް އޭނަގެ ހިތަށް ލިބުނު ހިތްހަމަޖެހުމާ އުފާ ގުނާ އަދަދު ނުކުރެވޭނެއެވެ. ޒޯޔާ ހިނިތުންވެލަމުން ޖަވާބު ދިނެވެ.

ހުރިހާ ފިރިހެންވެރިން އޮފީހަށް ދިއުމާއެކު ނާދިއާވެސް ޅީދަރިން ގޮވައިގެން ސައިބޯން އިށީނެވެ. “ޒޯ……މިއަދު ވާނެދޯ ބެންޑޭޖު ބަދަލްކޮށްލަން” ނާދިއާ ބުނެލިއެވެ. “އަޅުގަނޑު މިހިރީ ހެދުނު އެކަނި ބޭސް އަޅާލާފަ، މީދެން އެވަރު ކަމެއް ނޫން” ޒޯޔާ އަތް ދައްކާލަމުން ބުނެލިއެވެ. “އައްދޭ، މަންމައަށް ވުރެ މާމަޅު ޒޯ” މަލާކް ޖޯކު ޖަހާލިއެވެ. ނާދިއާގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ. ޒޯޔާއަށްވެސް ހެވުނެވެ. އެކަމުގެ ސަބަބުން އެހެން މީހުންގެ މޫނުތަށް އުޖާލާވިއެވެ.

ހަވީރުގެ ވަގުތެވެ. ޒޯޔާ ކޮޓަރިތެރޭ އޮތް ކާޕެޓު ވެކިއުމް ކޮށްލުމަށްފަހު އޭތި އިންނަ ކަބަޑުގެ ތެރެއަށް ކޮށްޕާލިއެވެ. އެވަގުތު ޝާހިޤު ކުއްލިއަކަށް ދޮރުހުޅުވާލާފައި ކޮޓަރިއަށްވަދެ ދޮރު ބާރަށް ޖެހިއެވެ. ޒޯޔާއަށް ހައިރާންވެފައި ހުރެވުނީއެވެ. މިގަޑީގަ ފަހަކަށް އައިސް ޝާހިޤު ނުފެންނާތީއެވެ.

“މީދެން ކިހާ ބޮޑުވެއްޖެ ކަމެއް، މަށަށް ފިޔަވަޅެއްވެސް އެޅެންނެތް، ޒޯޔާ ޗުކު ޗުކު ތަޅުވަންޖެހޭތަ މީހުންކައިރީ، މި ދޮންބެވެސް ހީވަނީ އެހެންފަދަ ކަމެއް ވެގެން އުޅޭހެން، ބޮޑު ބަލާ…….” ޝާހިޤުގެ ބަސްމަގު ހުރިގޮތުންނާ އޭނަ އަށް ވެގެން އުޅޭ ގޮތެއް ނޭގިފައި ހުރި ޒޯޔާ އަޖައިބުވެ އަންތަރީސްވިއެވެ. އޭނަ ޝާހިޤުގެ ކައިރިއަށް ޖެހިލިއެވެ. ކިހިނެތްތޯ ވީ އަހާލިއެވެ. “މީވީގޮތް މިހާރު އެނގިއްޖެތަ” ޝާހިޤުގެ އަތްތިލައިގެ ނިޝާން ހޫނުކަމާއެކު ޒޯޔާގެ ކޯތާފަތަށްއެރިއެވެ. ވީތަދުން އެތަނުގައި ޒޯޔާއަށް އަތްލެވުނެވެ. ވަގުތުން ދެލޮލަށް ޖަމާވި ކަރުނަތަށް ހިފަހައްޓާލުމަށް ތުންފަތް ފިއްތާލިއެވެ. އެކަމަކު އެދެލޮލުން ފޭބި ކަރުނަތަކުން ކޯތާފަތުގައިވާ ދިލައަށް ފިނިކަން ގެނުވިއެވެ. ނަމަވެސް އަވަހަށް ދެލޯ ފޮހެލިއެވެ. ނޭފަތް އެތެރެއަށް ދަމާލެވުނެވެ. މީހާ ހަމައަކަށް އެޅިލިއެވެ.

ޝާހިޤު ރުޅިގަދަވެގެން ކޮޓަރިތެރޭ ބުމަރެއްހެން އެނބުރެނީއެވެ. އޭނަގެ އަނގައިން ބައެއްފަހަރު ނުކުންނަ ބަސްތަކަކި މީގެ ކުރިން ޒޯޔާ ދުވަހަކުވެސް އޭނަގެ ފަރާތުން އަޑުއެހި ބަސްތަކެއް ނޫނެވެ. ޒޯޔާ އަނެއްކާވެސް ހިތްވަރުކޮށްފައި ވެގެންއުޅޭ ގޮތެއް ކިޔާދިނުމަށް އެދުނެވެ. “އެބައަހައެންނު ކިހިނެތްހޯ ވީ……ކަލޭ ތީ މިހާރު ހުރިހާވެސް މައްސަލައަކީ، ބައްޕަވެސް މަށާދިމާލަށް އެއްޗެހިކީ ކަލެއާހެދި، މައުޅޭ ގޮތް ކަމުނުދަނިއްޔޯ، އަސްލު މައުޅޭ ގޮތް ކަމު ނުދަނީ މަންމަމެންނަކަށް ނޫނޭ، ހަމަކަލެއަށް ކަމުނުދަނީ……….ކަލޭ ހީކުރީ ތިގޮތަށް ކަލޭ މިގޭ މީހުން ގާތު ދޭތެރެ ޖެއްސީމަ އަހަރެން އައިސް ކަލޭ ކައިރީގަ އޮންނާނެ ކަމަށްތަ!!!!!…….އައްޗީ މަށެއް ނުތެޅެން………ކަލޭ ތީނީ އިންގޮތް ކޮންއުފަލެއްތަ މަށަށްދެވޭނީ، ތިމާ ހީކުރަނީ ތިމާ ވަރުގެ މީހެއްނެތޭ ދެން މިގޭމީހުން މީނަ ބުނެލާއިރަށް އެގޮތަކަށް އެނބުރޭތީ……….ބުނަން ޒޯޔާ ރަގަޅު ވާހަކައެއް، ކަލެއަކަށް މަށެއް ނުވެސް ހުއްޓުވޭނެ……އަހަރެން އުޅޭނީ އަހަންނަށް ފެންނަ ގޮތަކަށް…….، އަދި ބުނަން ވާހަކައެއް……..އަހަރެން ކަލެއާ އިނދެލީ އޭރު ކަލޭ އެހާބޭނުންވެފަ ހުރީމަ، އެހެންވީމަ ކަލެއަށް މިހާރު ރަގަޅުވާނީ މަޑުމަޑުންހުރިއްޔާ ބަލަން ” ޝާހިޤު އަވަސް އަވަހަށް ގަމީސް ގުޅައަކަށް ޖަހާފަ އަލަމާރިން އާއެއްޗެއް ލައިގެން ނުކުމެގެން ހިނގައްޖެއެވެ.

ޒޯޔާ ހުރީ ހުރި ފިޔަވަޅުމަތިން ގުޑާލަންވެސް ހަނދާންނެތިފައެވެ. އޭނައަށް އެއިވުނީ ހަމަ ޝާހިޤު ކީއެއްޗެހި ބާއޭ ހިތަށްއެރިއެވެ. އޭނަގެ މޭގައި ރިއްސާލިކަހަލައެވެ. އެނދުގައި އިށީދެވުނީ ކޮޅަށް ނުހުރެވިގެންނެވެ. ދެލޮލުން ހޯސްލާފައި ކަރުނަތަށް ފައިބައިގަތީ ހިތުގައިވާ އާވި ފެންތިކިތަކަށް ބަދަލްވީ ހިނދުއެވެ. އާއެކެވެ. އެހިތްރޮނީއެވެ. ޒޯޔާ ރޯކަށް ބޭނުމެއްނޫނެވެ. އޭރުވެސް އޭނަދިޔައީ ކަރުނައާ ހަނގުރާމަ ކުރަމުންނެވެ. ތުރުތުރު އަޅައަޅާއޮތް ތުންފަތް ފިއްތަން މަސައްކަތްކުރަނީއެވެ. އެކަމަކު ވަރުބަލިވެފައިވާ މީހެއްގެ އަނގައިން ނުކުންނަފަދަ އާހެއް ނުކުތެވެ. އަނގަމަތީ އަތްއެޅިއެވެ. ބާރަށް ރޮވިދާނެތީއެވެ. މަޑުމަޑުން ގިސްލެވެން ފެށުނެވެ. ޝާހިޤުގެ ބަސްތަށް ސިކުނޑީގައި ބުރުޖަހަނީއެވެ. ދެކަންފަތަށް އަދިވެސް އަޑުއިވި އިވި ހުރިކަހަލައެވެ. އެއްއަތުން ބަނޑުގައި ހިފަހައްޓާލައިގެން އަނެއްއަތް އަނގަމަތީ އަޅާލައިގެން އިސްޖެހިފައި އިން ޒޯޔާއަށް އޭނަގެ ހިތުގެ ނާރުތައްވެސް ބުރިބުރިވާހެން ހީވިއެވެ. ހިމޭން ރުއިމުގައި ގިސްލުމުގެ އަޑުނޫން އަޑެއް ޒޯޔާގެ އަތުގެ ތެރޭން ނުނުކުމެއެވެ. ކޮޓަރީގެ ހަތަރު ފާރުވެސް އެގިސްލުމުގައި ބައިވެރިވާފަދައެވެ. އޭނައަށް އަދި ދުވަހަކުވެސް މިވަރަށް ނުރޮވެއެވެ. ހުއްޓާލަން އެތަށް ފަހަރަކު މަސައްކަތް ކުރިއެވެ.

ނައުރީން ޝާހިޤު ފެނުމާއެކު އޭނަގެ ގައިގާ އޮޅުލައިގަތެވެ. ޝާހިޤު މޫޑުހުރީ އެހާރަގަޅަކަށް ނޫންކަން ނައުރީންނަށް އެނގުނީ ދެނެވެ. “ކިހިނެތްވީ ލޯބީ؟ އަނެއްކާ ކަމެއް ގޯސްވީތަ؟ މީހަކު އެއްޗެއް ބުނީތަ؟” ނައުރީން ފައްޗަކަށް ސުވާލުތަށް އަމުނާލިއެވެ.

ޝާހިޤު އެކޮޓަރީގައި ހުޅުވާފައި ހުރި ކުޑަދޮރުތަށް ލައްޕާ ދޮރުފޮތިގަނޑު ދަމާލިއެވެ. އަދި ބެލްކަންޏަށް ނުކުމެވެން އިންދޮރުވެސް ހަމައެގޮތަށް ލައްޕާލިއެވެ. ނައުރީން ހުރީ ޝާހިޤަށް ވެގެން އުޅޭގޮތެއް ނޭގިގެން ކަންބޮޑުވެފައެވެ. ޝާހިޤު އެއައި ގޮތަށްއައިސް ނައުރީން ލާފައިހުރި ޓޮޕުގެ އަރިމަތީ ހިފާ އިރާލިއެވެ. ބާރާއެކު ނައުރީންގެ އިސްތަށިގަނޑުގައި ހިފާ ގެނެސް އޭނަގެ މޫނާއެއްކޮށްލިއެވެ. ނައުރީންނާއެކު ޝާހިޤު ގުޅުންހިންގިކަމުގައި ވިޔަސް އެފަދަ ގަދަބާރުގައި އެގޮތަށް އަދި ނޫޅެއެވެ. ނައުރީންނަށް ކުޑަކޮށް ތަދުވިނަމަވެސް އޭނަ ހުރީ ހިތްހަމަޖެހިފައެވެ. ޝާހިޤު އޭނަ އެނދުމައްޗަށް ވައްޓާލުމަށްފަހު އޭނަގެ ގައިގާ ވާހާ އަންނައުނެއް ވީދާ ކުދިކުދި ކުރިއެވެ.

ޝާހިޤު ހަމައަކަށް އެޅުނުއިރު އޭނައޮތީ އެނދުމަތީއެވެ. ކައިރީގައި އޮތް ނައުރީން އޭނަގެ މޭމަތީގައި ފިރުމާލަ ފިރުމާލަ އޮތެވެ. ފުންނޭވާއެއް ބޭރުކޮށްލުމަށްފަހު ބޮލުގައި ޝާހިޤު އަތްހާކާލިއެވެ. “ސޮރީ……..ތަދުވިތަ…….” ޝާހިޤު ނައުރީންއަށް ބަލާލަމުން ބުނެލިއެވެ. އޭނައަށް އުޅެވުނުގޮތް ހަނދާންވީކަންނޭގެއެވެ.

“ހޫނ……ހަމަނޭވާ ލެވޭވަރު ވެއްޖެދޯ، މިހާރު ރުޅިމަޑުވެއްޖެތަ، އަހަރެން ހީކުރީ ޝާހިޤު މޮޔަވީކަމަށް، ނަސީބަކުން އަހަންނަށް އަނިޔާއެއް ނުވޭ……ދެން ބުނަބަލަ ތިހާ ވަރުތިވީ ކިހިނެތް ވީތަ އަނެއްކާ” ނައުރީން ޝާހިޤަށް ބަލާލަމުން ބުނެލިއެވެ.

“ޕްލީސް ރުޅިނާންނައްޗޭ، ވީގޮތަކީ މިއަދު ގޭތެރޭގަ އަހަރުމެންގެ ވާހަކަ ދެކެވުނީ، ބައްޕަ މިކަމާ ނުރުހުން ފާޅުކޮށް މިކަން ހުއްޓާލާށޭ ބުނުއްވީ، އެހެންވެ ޒޯޔާ ދެކެ ރުޅިއައީ، އޭނަ ގޭތެރޭގަ މީހުންކައިރީ ކުދިކިޔަނީހެން މަށަށް ހީވަނީ………ނައު، ކޮންމެ މީހެއް ކޮންމެއެއްޗެކޭ ކިޔަސް އަހަންނަކަށް ދެނެއް ނައުއަކާ ދުރެއް ނުވެވޭނެ، ނައު އަހަންނާ ދުރުވާނަންތަ؟” ޝާހިޤު ބުނެލިއެވެ.

“ނޫން، ކީއްވެ ދުރުވަންވީ……އަހަރެންވެސް ޝާހިޤުދެކެ ލޯބިވޭ، ޝާހިޤު، އަހަރެން ވާހަކައެއް އަހާލަންތަ” ނައުރީން ބުނެލިއެވެ.

ޝާހިޤު ނައުރީން އަހަންއުޅޭ އެއްޗަކަށް ޝައުގުވެރިވިއެވެ. އަދި ބުނެބަލާށޭ ބުންޏެވެ.

“ޝާހިޤު، ކީއްވެ ޒޯޔާ އާއި މެރީ ކުރީ؟” ނައުރީން އަހާލިއެވެ. ޝާހިޤު ކައިރިއަށް އެސުވާލުން ކުޑަކޮށް ހިނިއައެވެ.

“އަހަންނަށް ހީވި ކޮންމެވެސް ދުވަހަކުން ނައު ތި ސުވާލު އަހަންނާ ކުރާނެހެން……، ނައު އޭރު ދެން އެއީ އެހާ ވިސްނާނުލާ ކުރެވުނުކަމެއް، ޒޯޔާ ކައިވެނިކުރަން ބޭނުންވާވަރުން އަހަންނަށް ކުރެވުނީ، އޭރު ހިތަކަށް ނާރާ އަހަންނަށް އެހެންމީހެއްދެކެ ލޯބިވެވިދާނެއެކޭ، އަނެއްކާ ނައުރީން އާއި ދިމާވާނެކަމެއްވެސް ނޭގެ، ކިހާ ރަގަޅު ކުރިން ދިމާވިނަމަ ދޯ” ޝާހިޤު ނައުރީން ގަޔާލާ ފިއްތާލިއެވެ.

ނައުރީންވެސް އެހެން ހިތަށް އެރިއެވެ. އޭނައާއި ޝާހިޤު ކުރިން ދިމާވިނަމައެވެ. އޭރުން ޝާހިޤު ވާނީ ހަމައެކަނި އޭނަގެ މީހަކަށެވެ. ނައުރީން ދުވަހަކުވެސް ޝާހިޤު އެހެން މީހަކާ ޝެއަރ ކުރާކަށް ބޭނުމެއް ނުވެއެވެ. އޭނަ މިހާރު ބޭނުންވަނީ ޝާހިޤު އާއި ކައިވެނިކުރެވޭނެ ދުވަހެކެވެ.

ރޭގަނޑުގެ އަށެއް ނުވައެއްޖެހިއިރުވެސް ޒޯޔާ ކޮޓަރިން ނުނިކުތެވެ. ނާދިއާ އައިސް ދޮރުގައި އެތައް ފަހަރަކު ޓަކިޖެހިއެވެ. ޝާރިޤުގެ ހިތް ބިރުގަންނަން ފަށައިފިއެވެ. އޭނަ ގޭތެރޭގައި އެހެންމީހުން ހާސްވެގެން އުޅޭތަން ބަލަން ކޮޓަރި ދޮރުމަތީ ހުއްޓެވެ. ޝާމިން އައިސް ދޮރުގާ ޓަކިދީފިއެވެ. މިޝްކާވެސް ޒޯޔާއަށް ދެތިންފަހަރު ގޮވާލައިފިއެވެ.

ޒޯޔާ ކޮޓަރީގައި އޮށޯވެލައިގެން އޮތްގޮތަށް އޮތީއެވެ. އޭނަ އެހެންމީހުންނާ ކުރިމަތިލާކަށް ބޭނުމެއް ނޫނެއެވެ. އެހާ ހިތްވަރެއް އޭނަގެ ނެތެވެ. މިހާރު ގޭގެ އެންމެނަށްވެސް ޝާހިޤު ގެ ކުޅިގަނޑު އެގިއްޖެކަން ޒޯޔާއަށް އެނގެއެވެ. ވީއިރު އަދިއަމުދުން އެމީހުންނާ ކުރިމަތިލާކަށް ނުކެރޭނެއެވެ. ޒޯޔާގެ ކަންފަތުގައި ޝާރިޤުގެ އަޑުޖެހުނެވެ. ދޮރު ނުހުޅުވަންޏާ ތަޅުދަނޑިން ހުޅުވަނިއްޔޭ ބުންޏެވެ. ޒޯޔާއަށް ދޮރުހުޅުވަން މަޖުބޫރުވީއެވެ. ލޮލާ މޫނާތަންތައް ރީތިކޮށް ފޮހެލައިގެން ގޮސް މަޑުމަޑުން ދޮރުހުޅުވިއެވެ. އެންމެން އެއްފަހަރާ ކަހަލަގޮތަށް ވާހަކަދައްކަންފެށިއެވެ.

“ދަރިފުޅު ކީއްތަ ތިކުރަނީ…….މަންމަ ހާދަ ވަރަކަށް ގޮވައިފީމޭ، މިރޭ ނުކަނީތަ އަނެއްކާ ބަލިވީތަ” ނާދިއާ ޒޯޔާގެ ގާތަށް ޖެހިލިއެވެ. ޒޯޔާ ކޮޓަރިތެރެއަށް ވާގޮތަށް އިސްޖަހާލައިގެން ހުއްޓެވެ. އަދި ނުކާނަމޭ ބުނެލިއެވެ. ނާދިއާއަށް ޒޯޔާއަށް ކޮންމެވެސް ކަމެއް ވެއްޖެކަން އެނގުނެވެ. އަވަސް އަވަހަށް ޝާހިޤު ކޮބާތޯ ސުވާލުކޮއްލިއެވެ. ނާދިއާ ޒޯޔާގެ ދަތްދޮޅީގައި ހިފާ މޫނު އުފުލާލިއެވެ. އޭނައަށް ޒޯޔާގެ ދުޅަވެފައިވާ ލޯފެނުނެވެ. އެއާއެކު ކޮޓަރިތެރެއަށް ދެމިގަތެވެ. ޒޯޔާގެ އަތުގައި ހިފާ އެއްފަރާތަށް ގެންދިޔައެވެ.

“ދަރިފުޅު ރޮނީތަ، ޝާހިޤު އެއްޗެކޭ ބުނީތަ، މަންމަ ގާތު ބުނެބަލަ………” ނާދިއާ ކަންބޮޑުވެފައި އަހާލިއެވެ. “ނޫން……ނޫން، އަޅުގަނޑަށް ނިދުނީ، މިހިރީ ވަރަށް ނިދިއައިސްފަ…..” ޒޯޔާ ނާދިއާއަށް އޮޅުވާލަން މަސައްކަތްކުރިއެވެ. “ދަރިފުޅު ދޮގުނަހަދައްޗޭ މަންމައަށް، ދަރިފުޅު ޝާހިޤު އާއެކު ތިއުޅެނީ މިހާރު އުފަލުގަތަ؟” ނާދިއާއަށް ކެތްނުކުރެވުގެން އަހާލެވުނެވެ. ޒޯޔާ އާއެކޭ ބުނުމަށް ބޯޖަހާލިއެވެ. ނާދިއާ އަށް ޒޯޔާހުރީ ދެރަވެފަކަން އެނގެއެވެ. އެކަމަކު ޒޯޔާގެ އަނގައިން ވެގެންއުޅޭ ގޮތެއް ނުހޯދޭނެކަން އެނގުނެވެ. “ދެން ކޮންމެސް އެއްޗެއް ކާލަން އާދޭ………” ނާދިއާ ޒޯޔާގެ އަތުގައި ހިފާފައި ގެންދަން އުޅެންފެށިއެވެ. ޒޯޔާ ފާހާނާއަށް ވަދެލާފައި ދާނަންކަމުގައި ބުނެ ނާދިއާ ފޮނުވާލިއެވެ.

ދޮރުމަތީ ހުރި ޝާރިޤަށް ނާދިއާ ދެއްކި ވާހަކަތައް އަޑުއިވުނެވެ. އޭނަ ވަރަށް ދެރަވިއެވެ. އެހެންމީހުންނާއެކު ކާމޭޒުކައިރީ އިށީނެވެ. އެންމެންވެސް ތިބީ ޒޯޔާގެ އިންތިޒާރުގައެވެ. އޭނަ ނުކުންނާކަށް މާގިނައިރެއް މިފަހަރަކު ނުނެގިއެވެ. ޒޯޔާ މަޑުމަޑުން އައިސް އިށީނެވެ. އެންމެވެސް ތިބީ ބުނާނެއެއްޗެއް ނޭގިފައެވެ. އެހަމަހިމޭންކަން ނައްތާލީ ޝާރިޤެވެ. އޭނަ ޒޯޔާގެ އަތްމިހާރު ކިހިނެތްތޯ އަހާލީ ކޮންމެވެސް ވާހަކައެއް ދައްކަންށެވެ.

ރޭގަނޑުގެ ކެއުން ނިންމާލުމަށްފަހު ކޮޓަރިއަށް ވަތް ޝާރިޤަށް އޭނަގެ ފޯނަށް ބަލާލެވުނެވެ. އޭނައަށް ހިޔާލެއް އައެވެ. ވަގުތުން ތެދުވެގެން މިޝްކާ ކައިރިއަށް ދިޔައެވެ. އަދި އޭނައަށް ނޭގޭ ގޮތަށް އޭނަގެ ފޯނުން ޒޯޔާގެ ނަންބަރު ނެގިއެވެ. ފޯނުގައި ޒޯޔާގެ ނަންބަރު ސޭވް ކޮށްލަމުން ޝާރިޤު ކޮޓަރިއަށް ވަނެވެ. އޭނަގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ.

އެނދުގައި ޝާރިޤު ޖައްސާލިއެވެ. އަދި ޒޯޔާގެ ނަންބަރަށް ގުޅާލިއެވެ. ދެފަހަރު ގުޅިއިރުވެސް ފޯނެއް ނުނަގައެވެ. އަނެއްކާވެސް ޝާރިޤު ގުޅިއެވެ.

ޒޯޔާ ފޯނަށް ބަލަހައްޓައިގެން އޮތެވެ. އޭނައަށް ގުޅަނީ ކާކުކަމެއް ނޭގިފައި ފޯނު ނަގާނީ ބާއޭ ނޫނީ ނުނަގާނީ ބާއޭ ހިތަށްއަރާ ދެހިޔާލެއްގައި އޮތެވެ. ތިންފަހަރަށް ރިންގުވުމުން އެމީހަކު ޒޯޔާ ފޯނު ނުގަނިސް ހުއްޓައެއް ނުލާނެހެން ހީވުމުން ފޯނުނަގާ ހެލޯއޭ ބުނެލިއެވެ.

“ހެލޯ……….ކާކުބާ” ޝާރިޤު ބުނެލިއެވެ. އޭނައަށް ފޯނުން ޒޯޔާގެ އަޑުއިވުމާއެކު ހަށިގަނޑު ފިނިވިއެވެ. އަރުބެދޭ ގޮތްވިއެވެ. އެހެނަސް ހިތްވަރުކޮށްފައި ވާހަކަދައްކަންފެށިއެވެ.

“ތީކާކު……….” ޒޯޔާ އަހާލިއެވެ.

“ނޭގުނުތަ އަހަންނެއް…..” ޝާރިޤު ބުނެލިއެވެ.

“ހޫމް………ނޭގުނު، އަޅެ ނަންބުނެބަލަ އޭރުން އިނގިދާނެ ކަންނޭގެ” ޒޯޔާ ކާކުކަން ނޭގޭ މީހަކާ ވާހަކަދައްކަން ޖެހިލުންވާގޮތްވިއެވެ. އެހެނަސް އެއަޑުގައި ދަންނަގޮތެއް ހުއްޓެވެ.

“ތިކޮޅުން އެހަށް ނަންބުނެދީބަލަ، އޭރުން އަހަރެންވެސް ނަން ބުނެދޭނަން” ޝާރިޤު ނަންބުނާކަށް ބޭނުމެއް ނޫނެވެ.

“އަހަރެން ނުދަންނަ މީހުންނާ ވާހަކަދައްކައެއް ނޫޅޭން، އެހެންނޫނަސް ތީކާކުކަމެއް ނޭގެނިސް އަހަންނަކަށް ނަންބުނެދެވޭކަށް ނެތް” ޒޯޔާ ބުނެލިއެވެ.

“އަހަރެންގެ މަތިން ހަނދާން ނެތުނީދޯ…….ހާދަދެރައޭ، އެކަމަކު އެއީ މައްސަލައެއް ނޫން، އަހަންނަކީ ނުދަންނަ މީހެއްވެސް ނޫން………އަޅެ ހަނދާންކޮށްލަ ބަލަ މީގެ ދެއަހަރު ވަރަކަށް ކުރި، އަހަންނަށް އެންމެ ފުރަތަމަ ތިއަންހެން ކުއްޖާއަށް ގުޅުނީ އޮޅިގެން އަހަރެން ގެ ރައްޓެއްސަކަށް ގުޅަން އުޅެނިކޮށް، އެކަމަކު އެދުވަހަށްފަހު އަހަރެން ކޮންމެރެއަކު ގުޅަމެންނު، ހަނދާންވޭތަ، އަހަރެން ކައިރީ ބުނީމެންނު ދެން ނުގުޅާށޭ……………އޭރުވެސް ތިއަންހެން ކުއްޖާ އަހަންނާ ވާހަކަ ދެއްކީ ތީނަގެ ނަންނުބުނެ ހުރެ……..މިހާރު އެނގިއްޖެތަ ކާކުކަން…..” ޝާރިޤު ކިޔާދިނެވެ.

“ހޫމް……..ހަނދާން ވެއްޖެ………..އެކަމަކު……….” ޒޯޔާއަށް ލިބުނީ ހައިރާން ކަމެކެވެ. އޭނަ އެފިރިހެން ކުއްޖާމަތިން ހަނދާންވެއްޖެއެވެ. އެއީ ވަރަށް ކުރިއެވެ. ޒޯޔާގެ ސްކޫލް ދައުރެވެ. އޭނައަށް ކިޔާ ނަން އޭރުވެސް ނުބުނީ ޒޯޔާގެ ނަންނުބުނާތިއެވެ. އެކަމަކު އެދެމީހުން ކޮންމެ ރެއަކު ވާހަކަ ދެއްކިއެވެ. ޝާހިޤު އާއި ޒޯޔާ ރައްޓެހިވަންދެންނެވެ. އެނޫނީ އޭނަ ޝާހިޤު ނޫން ދެވަނަ ފިރިހެނަކާ ވާހަކައެއް ނުދައްކައެވެ. ވީއިރު އޭނަގެ މަތިން ހަނދާންނުވަންވީ ސަބަބެއް ނެތެވެ. އަދިވެސް އެއަޑުގައިވަނީ އޭރުގަހުރި މަޑުމައިތިރިކަމެވެ.

“ހެލޯ…..ހިތްހަމަ ނުޖެހުނީތަ، އެކަމަކު ޕްލީސް ނުބާވައްޗޭ” ޝާރިޤު ޒޯޔާ އެއްޗެއް ނުބުނެ ގިނައިރުވުމުން ބުނެލިއެވެ.

“ނޫން……..ކިހިނެތް މިނަންބަރު ލިބުނީ” ޒޯޔާ ސުވާލުކޮއްލިއެވެ.

“ތަޤުދީރުގައި އަހަންނަށް ތިއަންހެން ކުއްޖާއާއި ދިމާވާން އޮތީމަ ނަންބަރު ލިބުނީ………” ޝާރިޤު ބުނެލިއެވެ.

“އަދި ނުވިސްނުނު………” ޒޯޔާ ހައިރާންވެގެން އަހާލިއެވެ.

“މިހާރު އެނގިއްޖެ އެއްނު ގައިމުވެސް ނުދަންނަ މީހެއް ނޫންކަން، ނަންބަރުވެސް ހޯދީމަ ލިބޭނެއެއްނު، އިހަށް އެވާހަކަ ބާއްވާފަ ބުނެބަލަ، ހާލު ކިހިނެތްތަ…..ލައިފް ކިހިނެތްތައް” ޝާރިޤު އަހާލިއެވެ.

“އިރާދަކުރެއްވީތީ ހާލު ވަރަށް ރަގަޅު، އަހަރެން މެރީވެސް ކޮށްފިން…..ތީނަގެ ހާލު ކިހިނެތްތަށް؟” ޒޯޔާ ބުނެލިއެވެ.

“އަހަރެންގެ ހާލު ރަގަޅެކޭ މުނިއަކުން ނުބެނެވޭނެ، ދެން އެކަހަލަ ގޮތެއް” ޝާރިޤު ބުނެލިއެވެ.

“މެރީ ކުރީތަ” ޒޯޔާ އަވަސް އަވަހަށް އަހާލިއެވެ.

“ނޫން……އަދި ތިހާ ނަސީބުވެރިއެއް ނޫން………..ކާކާތަ ޔޫ މެރީ ކުރީ، އޭނަ ރަގަޅުތަ” ޝާރިޤު އެސުވާލުތައް ކުރީ ޒޯޔާ ބުނަނީ ކީކޭތޯ ބަލާށެވެ.

“އަހަރެން އޭރުވެސް ރައްޓެހިވެގެން އުޅުނު ކުއްޖާއާއި މެރީކުރީ، ޝާހިޤު ކިޔަނީ، ވަރަށް ރަގަޅު އޭނަ” ޒޯޔާ ބުނެލިއެވެ.

“ތީ ތެދެއް ވެއްޖެޔާ ކިތަންމެހާވެސް ރަގަޅު، އަހަރެން ގުޅުމުން ތީނައަށް އުނދަގޫ ވާނެތަ” ޝާރިޤު އަހާލިއެވެ.

ޝާރިޤު ފޯނު ބާއްވާލީ ބާއްވާ ހިތަކުން ނޫނެވެ. އެކަމަކު ޒޯޔާގެ އެދުމުގެ މަތިންނެވެ. އޭނަ ފޯނުގެނެސް މޭގާ ޖައްސާލައިގެން އިންއިރު އޭނަގެ ހިތާ ސިކުނޑީގައިވަނީ ޒޯޔާއެވެ. އޭނަގެ ވާހަކަތަކެވެ. ޒޯޔާ ޝާހިޤު ދެކެވާލޯތްބެވެ. އޭނަގެ ކެތްތެރިކަމެވެ. އެންމެ ފަހަރަކުވެސް ޝާހިޤަށް ދެރަބަހެއް ނުބުނެއެވެ. ޒޯޔާގެ ހިތުގައި އެހެންމީހަކަށް ވަދެވޭނެހާ ޖާގަ އޮންނާނެބާއޭ ޝާރިޤު ހިތަށްއެރިއެވެ. އޭނައަށް ޒޯޔާ އާއި ހަމައެކަނި ވާހަކަދައްކާލުމަކުން ހިތްހަމައެއް ނުޖެހުނެވެ.

ޝާހިޤު ގެއަށް އަންނާނެ އިރެއް ނޭގިފައި އޮތް ޒޯޔާ އަށް ކޮންމެވެސް ވަރަކަށް އެފޯންކޯލާ ދޭތެރޭ ވިސްނާލެވުނެވެ. އެއީ ކާކުބާއެވެ. އޭނަގެ ހަގީގީ ބޭނުމަކީ ކޮބާބާއެވެ. އެހާދުވަސްވިއުރުވެސް ޒޯޔާގެ މަތިން އޭނަ ހަނދާން ހުރީ ކީއްވެބާއެވެ. އޭނަގެ ވާހަކަތަކުގައި އެހާ ގާތްކަމެއް ޒޯޔާއަށް ބަހައްޓަނީ ކީއްވެބާއެވެ. ޒޯޔާއަށް ނިދުނީ އެފަދަ ހިޔާލުތަކެއްގައި އޮއްވައެވެ.

ނިދިފައި އޮތް ޒޯޔާއަށް ހޭލެވުނީ ކޮޓަރީގެ ދޮރުލެއްޕިއަޑަށެވެ. އޭރު ހެދުނު ހައެއް ޖަހަނީއެވެ. ޒޯޔާ އެއްޗެއް ނުބުނާނަމޭ ހިތަށްއެރިއަސް އޭނައަށް ހިމޭނަކުން ނީދެވުނެވެ. ޒޯޔާގެ ހިތަށް ކެތްނުވާތީއެވެ. ޒޯޔާ އެނދުން ތެދުވިއެވެ. ޝާހިޤު ބޭލި ގަމީހާ ފަޓުލޫނާ ދާވަށިގަނޑަށް ލުމަށް ނެގިވަގުތު ޒޯޔާގެ ނޭފަތުގައި ޖެހުނީ އަންހެން ސެންޓުގެ ވަހެވެ. ބޭއިހްތިޔާރުގައި ޒޯޔާއަށް ޝާހިޤުގެ ގަމީސް ނޭފަތާ ކައިރިކޮށްލެވުނެވެ. އޭނައަށް ހީވީ ރަގަޅަށެވެ. އޭނައަށް ދުވީ އަންހެން ސެންޓެއްގެ ވަހެވެ. ޝާހިޤު އޭރު ފާހާނާއަށް ފެންވަރަން ވަދެފިއެވެ. އޭނަ ގެއަށް އެއައީ ހަމައެކަނި އޮފީހަށްދާން ތައްޔާރުވެލާށެވެ.

އެނދުގައި އިށީދެލައިގެން އިން ޒޯޔާ ޝާހިޤު ފާހާނާއިން ނުކުތުމުން އޭނައަށް ބަލާލިއެވެ. އެއްޗެއް ބުނަން އަނގަހުޅުވާލިތަނާ ޝާހިޤުގެ މޭމަތީ ރަތްވެފައި ހުރި ތަންގަނޑެއް ޒޯޔާއަށް ފެނުނެވެ. އޭނަގެ ހިތް ފޮތިފޮތިވީކަހަލައެވެ. މީގެ ކުރިން ޝާހިޤަކީ ހަމައެކަނި އޭނަގެ މީހެކެވެ. އެހަށިގަނޑަކީ ޒޯޔާގެ ހައްގެކެވެ. ޒޯޔާއަށް ޝާހިޤުމޭގައި އަތްލެވުނެވެ. ހަމައެއާއެކު ޝާހިޤު ޒޯޔާގެ އަތް ފޮޅާލިއެވެ.

“ޝާހިޤު ގަޑިން ވީއިރު އެނގޭތަ، ކޮންތާކުތަ ތިއުޅެނީ؟، ކީއްވެތަ އަހަންނަށް ތިހެން ތިހަދަނީ، އަހަންނަށް ކޮންކަމެއް ނުކޮށްދެވިގެންތަ، މީ ކޮންމެ އަންހެނަކަށްވެސް އަންނާނެ ދުވަހެކޭ، އަދި ކޮންމެ ފިރިއަކަށް ކުރިމަތިލާންޖެހޭނެވެސް ދުވަހެއް………..ކީއްވެ ތިހެން ތިއުޅެނީ، އަހަރުމެންގެ ދިރިއުޅުމުގެ ގޮށް އަމިއްލަ އަތުން މޮހާލަން ތިއުޅެނީ ކީއްވެ، އަހަންނަކީ ޝާހިޤު ހީކުރާކަހަލަ އަންހެނެއް ނޫނޭ، އަހަރެން މިގޭ މީހުން ކައިރީ ޝާހިޤުއޭ ކިޔައިގެން އެއްވެސް އެއްޗެއް ނުކިޔަން………..ޝާހިޤު އަހަރެންވެސް ދެރަވެޔޭ……އަހަރެންގެ މޭގަވެސް އޮންނަނީ ހިތެއް…….އަހަރެންވެސް ދެރަ……” ޒޯޔާއަށް ރުޅިވެރިކަން ހިތުގައި ފޮރުވަން މަސައްކަތް ކުރަމުންގޮސް އެންމެފަހުން ރޮވުނީއެވެ.

ޝާހިޤު ގާތަށްވެސް އައީ ރުޅިއެވެ. އަޑުގެ ނެތްތަނަށް ޒޯޔާ ފުކަކަށްވަންދެން ހިތަށް އައިހައި އެއްޗެއް ގޮވާލިއިރު އޭނަ އެއްފަހަރުވެސް ހިތަށް ނާރައެވެ. ޒޯޔާ ބަލިވެ އޭނދީ އޭނަގެވެސް ދަރިންނަށް ކަމެވެ. ގޭތެރޭގެ އެހެން މީހުންނަށް އަޑުއިވުނަސް ޝާހިޤަށް ފަރުވާލެއްނެތެވެ. އޭނަ ނުކުމެގެން ދިޔައީ ޒޯޔާ އިތުރަށް ރޮއްވާލާފައެވެ.

ހެދުނުގެ ސައިތައްޔާރު ކުރުމުގައި އުޅުނު ނާދިއާ އަށާއި މަލާކްއަށް ޝާހިޤުގެ ކޮޓަރިތެރެއިން އަޑުގަދަވުމުން އެކަކުއަނެކަކަށް ބަލާލެވުނެވެ. އަދި އެދިމާލަށް ބަލަހައްޓައިގެން ތިއްބާ ޝާހިޤު ކޮޓަރިން ނުކުމެ ބާރަށް ދޮރުޖަހާފައި ހިނގައްޖެއެވެ. ހެދުނު ސައިބޯކަށް ޒޯޔާއެއްވެސް ނުނުކުމެވެ. ކާމޭޒު މަތީ ދެކެވުނީ ޝާހިޤު އާއި ޒޯޔާގެ ވާހަކެވެ.

ހަފްތާއެއް ވޭތުވެދިޔައިރު ގޭތެރޭގައި އުޅެންވެސް ޒޯޔާއަށް އުނދަގޫވިއެވެ. ޝާހިޤު ޒޯޔާއަށް އެއްޗެއް ބުނާކަށް ވަކިތަނެއް ވަކިއިރެއް ނޯވެއެވެ. އެއާއެކު ޝާރިޤުގެ ކެތްތެރިކަންވެސް ދިޔައީ ކޮޅުންލާ ހިސާބަށެވެ. ޝާހިޤުގެ ޢަމަލުތައް ހުންނަގޮތުންނެވެ. އޭނަގެ ހިތުގައި ޒޯޔާއަށް ދެވިފައިވާ ގަދަރުގެ ސަބަބުންނެވެ. ޒޯޔާއަށް ލިބޭ ހަމައެކަނި ހިތްހަމަ ޖެހުމަށްކަށްވީ އޭނައަށް ފޯނުން ދިމާވިއެކުވެރިޔާއެވެ. ޝާހިޤުގެ ކުރިމަތީ ގޭގެ އެކަކުގެ ބަހެއްވެސް ނުވިކެއެވެ.

ޒޯޔާ ކޮޓަރީގައި އޮތީ އޭނަގެ އާއެކުވެރިޔާގެ ފޯނުގައެވެ. އޭރު ގަޑިން ބާރަގަނޑި ބައިވަނީއެވެ. ޒޯޔާ ބުނާގޮތުގައި ފިރިމީހާގެ މަސައްކަތް ހުންނަގޮތުން ގެއަށް އަންނާނީ ލަހުންނެވެ. އޭނަ އަދިވެސް އޭނަގެ ދިރިއުޅުމުގެ ހާލަތު ކިޔާދޭކަށް ބޭނުމެއް ނޫނެވެ. “އަހަރެންގެ ނަންބުނެފިއްޔާ، ތީނަވެސް ނަން ބުނާނަން ދޯ” ޒޯޔާ ވަރަށް ވިސްނާލާފައި އަހާލިއެވެ.

“ތިކަމާ ޖެހޭނީ ވިސްނާލަން………” ޝާރިޤު ބުނެލިއެވެ.

“ޕްލީސް، އަހަންނަށް ކިޔަނީ ޒޯޔާ…………ދެން މިހާރު އަހަރެން މިއެދުނީ ތީނަގެ ނަން އޮޅުން ފިލުވަން” ޒޯޔާ ބުނެލިއެވެ.

“އަހަންނަށް……….އަހަންނަށް ކިޔަނީ ޝާރި……..” ޝާރިޤު ދިޔައީ ސިއްސައިގެންނެވެ.

ކަރުހިއްކައިގަނެގެން ނުކުތް ޒޯޔާ ހުރީ ކޮޓަރި ދޮރުމަތީއެވެ. ޒޯޔާއަށްވެސް ކާމޭޒުދޮށުގައި ފޯނުގައި އިން ޝާރިޤު ފެނުނެވެ. ހަމަޖެހިލައިގެން ފެންތައްޓެއް ހިފައިގެންނެވެ. ދެމީހުންނަށްވެސް ހުއްޓުންއެރީއެވެ. ދެމީހުންގެ ހިތްއަވަސްވެ ހާސްވިއެވެ. “ހެލޯ……” ޒޯޔާ ފޯނުން ބުނެލިއެވެ. އޭނައަށް ފޯނުން އެއްވެސް ޖަވާބެއް ނުލިބުނެވެ. ކުރިމަތީ އިން ޝާރިޤު ފޯނު ހިފަހައްޓައިގެން އިންގޮތަށް އިނީއެވެ. ބުނާނެ އެއްޗެއް ނޭގިފައެވެ. “ޝާރިޤު……” ޒޯޔާ އަށް ބޭއިހްތިޔާރުގައި ބުނެލެވުނެވެ. އަދި ޝާރިޤު ކައިރިއަށް އައިސް އޭނަގެ އަތުގައިވާ ފޯނު އަތުލިއެވެ. އެފޯނުން ޒޯޔާގެ ފޯނަށް ގުޅާލިއެވެ. އާއެކެވެ. އެއީ ހަމަ އެނަންބަރެވެ. އޭނައަށް ފޯނުން ދިމާވި އެކުވެރިޔާއެވެ.

ޒޯޔާއަށް ކުއްލިއަކަށް ދެފިޔަވަޅު ފަހަތަށް އެޅުނެވެ. އޭނަގެ ސިނކުޑި ހީވީ އެނބުރިގަތް ހެންނެވެ. އޭނައަށް ދެލޯމަރާލެވުނެވެ. ދެއަތުން ބޮލުގައި ހިފަހައްޓާލެވުނެވެ. “ކިހިނެތް މިވަނީ………..”ޒޯޔާއަށް މަޑުމަޑުން ބުނެލެވުނެވެ. ޒޯޔާ އޭނަގެ ކޮޓަރިއަށް އަވަހަށް ވަންނަން ދިޔައެވެ. އެވަގުތު ޝާރިޤު ޒޯޔާއަށް ގޮވާލިއެވެ. ޒޯޔާ އަޑުއަހާކަށް ބޭނުމެއް ނުވިއެވެ. ޒޯޔާއަށްވަނީ ޝޮކެއް ލިބިފައެވެ. އޭނަ މިވަގުތު ބޭނުންވަނީ އެކަނިވެލާށެވެ.

ޝާރިޤު ޒޯޔާގެ ކޮޓަރި ދޮރުގައި ދެފަހަރަކު ޖަހާލިއެވެ. އަދި ޒޯޔާއަށް ގޮވާލިއެވެ. އޭނައަށް އެއްވެސް ޖަވާބެއް ނުލިބުނެވެ. އެހެންވެ ފޯނުނަގާ ގުޅަންފެށިއެވެ. ދެނެއް އޭނައަށް ހުރިހާ ކަމެއް ސިއްރުކޮށްގެންނެއް ނުހުރެވޭނެއެވެ. އޭނަ މިއަދު ބޭނުންވަނީ އޭނަގެ ހިތުގައި މިއޮއްހުރިހާ ދުވަހަކު ހިފަހައްޓައިގެން ހުރި އުދާސްތައް ބޭރުކޮށްލާށެވެ. ހަމަނޭވާ ލާށެވެ. ޒޯޔާ ފޯނެއްވެސް ނުނެގިއެވެ.

ކޮޓަރިތެރޭ އެނދުގައި ލެގިލައިގެން ޒޯޔާ އިނީ ދެލޯމަރާލައިގެންނެވެ. ފޯނު ރިންގުވާކަން އެނގުމުން ދުރަށްޖައްސާލިއެވެ. އޭނަ އެކަކާވެސް ވާހަކަދައްކާކަށް ބޭނުމެއް ނޫނެވެ. އޭނަ އެކަކުގެ އެހީއެއްވެސް ބޭނުމެއް ނޫނެވެ. ޒޯޔާ ހަމަޖެހިލުމަށް މަސައްކަތް ކުރަމުން ދިޔައެވެ.

“ނައު އަހަރެންދެކެ ހަމަ ވަރަށް ލޯބިވޭތަ؟” ޝާހިޤު ސައިކަލުގައި ނައުރީން ގޮވައިގެން ދުއްވަމުން އަހާލިއެވެ. ޝާހިޤު އެހެން ބުނުމުން ނައުރީން ވަކިން ބޮޑަށް ޝާހިޤުގެ ގައިގާ ބައްދާލިއެވެ. “ހޫމް……….ހުރިހާ އެއްޗަކަށްވުރެން ބޮޑަށް، ހުރިހާކަމަކަށްވުރެ ބޮޑަށް…….އަހަރެން ލޯބިވަނީ ޝާހިޤުދެކެ” ޝާހިޤުގެ ފަހަތުގައި އިން ނައުރީން އޭނާގެ ކަނދުރާގައި ބޮސްދިނެވެ.

“ހީވަނީ ވާރޭ ވެހެންއުޅޭ ހެންދޯ، ވައިވެސް ވަރަށް ގަދައެންނު…………ދެންދާނީ ގެއާ ދިމާލަށް ދޯ” ޝާހިޤު ވަޔާއެކު އައިވެލިފުއްތަށް މޫނުން ފޮޅާލަމުން ބުނެލިއެވެ. “އޯކޭ…….” ނައުރީން ޝާހިޤުގެ އިސްތަށިގަނޑާ ކުޅެލަމުން ބުނެލިއެވެ. “ހާދަ ފިންޏޭ ދޯ…..” ނައުރީން ޝާހިޤުގެ ގައިގާ ބައްދާލަމުން ބުނެލިއެވެ.

“އަހަރެން ނައު ކައިރީ ވާހަކައެއް އަހަންތައް؟” ޝާހިޤު ސީރިއަސް ކަމާއެކު އަހާލިއެވެ. ނައުރީން އާއެކޭ ބުނެލިއެވެ. “އަހަންނާ ނައު މެރީ ކުރަން ބޭނުންތަ، ނޫނީ ދެން މިހެންތަ އުޅޭނީ އަބަދު………….” ޝާހިޤު އޭނަގެ ހިތުގައިވާ އެއްޗެއް ހާމަކޮށްލިއެވެ. “ދެން ލޯބިއަށް ހަމަ ސާބަސް، ނައުވެސް ބޭނުންވާނެ އެންނު ލައިފެއް، ނައު މެރީކުރަން ބޭނުން…….އެކަމަކު……އެކަމަކު………” ނައުރީން ބުނަންއުޅުނު ޖުމްލަ ފުރިހަމައެއް ނުކުރިއެވެ. “އެކަމަކު ކިހިނެތްވީ………ކީއްވެ ބުނަން އުޅެފަ ތިހުއްޓާލީ…….” ޝާހިޤު އޮޅުން ފިލުވަން ބޭނުންވިއެވެ. “ވެލް، ސްވީޓްހާރޓް ޔޫއާރ މެރީޑްދޯ…………” ނައުރީން ބުނެލިއެވެ.

ޝާހިޤު ސައިކަލު ނައުރީންގެ ގޭދޮރުމަތީ ޕާކުކޮށްލިއެވެ. އަދި ދެމީހުން އެކުގައި ގެއަށްވަނެވެ. ޝާހިޤު ނައުރީންގެ އެޕާރޓްމަންޓަށް ވަދެ ސޯފާގައި ޖައްސާލިއެވެ. “ސޯ، ކޮބާ މައްސަލައަކީ މިހާރު……..” ޝާހިޤު ނައުރީންގެ މޫނަށް ވަރަށް ފުންކޮށް ބަލާލަމުން އަހާލިއެވެ. “ޝާހިޤު، އަހަރެންވެސް ބޭނުން އަހަރެން މެރީކުރާއިރު ޕާޓީއެއް ބާއްވަން……………ފަހަރެއްގަ ޝާހިޤު މިހާރު ބޭނުން ނުވެދާނެތީ…..” ނައުރީން ޝާހިޤު ބުނެދާނެ އެއްޗަކަށް ވިސްނަންހުރެ ބުނެލިއެވެ. “ހެހެހެހެހެހޭ……….އެއީތަ ނައު އެންމެ ކަންބޮޑުވާ ކަމަކީ………އެއީކީ މައްސަލައެއް ނޫނެންނު، ނައު ޕާޓީއެއް ބާއްވަން ބޭނުންވަންޏާ ހަމަ ބާއްވަންވީ………” ޝާހިޤު ހެމުން ބުނެލިއެވެ. “އަހަރެންވެސް ހިއެއް ނުކުރަން އަހަރެން މެރީކުރާނީ މީހެއްގެ ފިރިއަކާއޭ، ހިތަށް އަރާ ޝާހިޤުވެސް މީހަކާ ނީދެ ހުރިނަމައޭ………ލޯބީ، އަހަރެން ލޯބިނުވާތި ބުނާއެއްޗެއް ނޫންމިއީ…….އަހަންނަށް ޝާހިޤު ޝެއަރކުރާކަށް ނޭގޭ……..އެހެންވީމާ އަހަންނަށް ޝެއަރއެއް ނުކުރެވޭނެ، އަހަރެން ބޭނުމީ ޝާހިޤު ހަމައެކަނި އަހަރެންގެ މީހަކަށްވާން………” ނައުރީން ފޫހިގޮތަކަށް ބުނެލިއެވެ.

ކޮޓަރިތެރެއަށް ހިނގައިގަތް ނައުރީންގެ ފަހަތުން ޝާހިޤު ދިޔައެވެ. ނައުރީން ބެލްކަނި ދޮރުހުޅުވާލީ ބެލްކަންޏަށް ނުކުމެލާށެވެ. އެއާއެކު ފިނިފިނި ވައިރޯޅިތަށް އައިސް ނައުރީންގެ ހަށިގަނޑުގައި ބޮސްދެން ފެށިއެވެ. ދެއަތުން ހަށިގަނޑު ފިނިންސަލާމަތް ކުރުމަށް ހިފަހައްޓާލިއެވެ. އެވަގުތު ޝާހިޤު ފަހަތުން އައިސް ނައުރީން އޭނަގެ އަތުގެ ތެރެއަށް ލިޔެވެ. “ޝާހިޤަށް ހުރިހާ އިރަކު ނުހުރެވޭނެ އެންނު ތިގޮތަށް ތިއަތުގެ ތެރެއަށް އަހަރެން ލާކަށް، ޔަގީން މިހާރު ޒޯޔާ ނުގުޅިޔަސް އެދުވަހަކުން ގުޅާނެކަން، އަނެއްކާ ކުއްޖަކު ލިބުނީމަ، ދެން އެއޮތީވާ ކަމެއް…….ނޭގެ ބައެއް ފަހަރު ވަރަށް ފޫހިވޭ………” ނައުރީން ތުންއަނބުރާލަމުން ބުނެލިއެވެ.

“ނައު، ދެން ފޫހި ނުވެބަލަ، އަހަރެން މިހިރީ ޒޯޔާ ކައިރީގައެއްނޫނެންނު، މިހާރުވެސް މިހިރީ ނައުރީންގެ ހިދުމަތުގަ………..މި ނިކަމެތި އަޅާއަށް ރަހުމުކޮށްބަލަ……….” ޝާހިޤު އެހެން ބުނެލާފައި ނައުރީންގެ ބަނޑުގައި ކޮއްޓާލިއެވެ. ނައުރީން ހީލިކަރުވައި ގަނެގެން ތެޅިގަތެވެ. އަދި އެތެރެއަށް ދުއްވައިގަތެވެ. ޝާހިޤު ބަލެކަނީގެ ދޮރުފޮތިގަނޑު ދަމާލިއެވެ.

ޝާހިޤު ނައުރީންގެ ފަހަތުން އޭނަ އަތުލަން ކޮޓަރިތެރޭ ދުވަނީއެވެ. ނައުރީން މަސައްކަތް ކުރަމުން ދިޔައީ ޝާހިޤުގެ އަތުގައި ނުޖެހުމަށެވެ. “ނައު…………” ދޭތެރެއަކުން ޝާހިޤު ބުނެލައެވެ. ޖެހެމުން ދިޔަގަދަވައިގައި ދުނިޔެމައްޗަށް ވެރިކުރުވާފައިވާ މަސްތުކުރުވަނިވި ފިނިކަމުގެ އަރާމު ޝާހިޤު އާއި ނައުރީން ލިބިގަތެވެ. އެކަކު އަނެކަކުގެ އަތުތެރޭ ދުވަހަކުވެސް ވަކިނުވާނެއޭ ބުނަމުންނެވެ.

“ލޯބީ، ވިލް ޔޫ ޑިވޯސް ހާ……..” ނައުރީން ބުނެލިއެވެ. ޝާހިޤު ލޯމަރާލައިގެން އޮތްގޮތަށް އޮތީއެވެ. “ނުކެރޭނެ ދޯ، އަދިވެސް ވަރަށް ލޯބިވޭ ދޯ…..” ނައުރީން ޝާހިޤުގެ އަތުގެ ތެރޭން ތެދުވަން އުޅުނެވެ. އެވަގުތު ލޯމަރާލައިގެން އޮތް ޝާހިޤު ނައުރީންގެ އަތުގައި ހިފާ ޝާހިޤުއާ ދިމާލަށް ގެނެއެވެ. ޝާހިޤު ލޯ ހުޅުވާލަމުން ނައުރީންގެ މޫނުގައި ދެއަތުން ހިފާ ބޮސްދިނެވެ. “އަހަރެން ނައު ދެރައެއް ނުކުރާނެ އެންނު………….އަހަރެން ދެން މިރޭ ދަނީ އިނގޭ، މާދަން ފްރައިޑޭ އެންނު، ވަރަށް ރަގަޅު ސަޕްރައިޒެއް ދޭނަން……….ބިލީވްމީ……..ނައު އުފާވާނެވަރުގެ ބޮޑު ސަޕްރައިޒެއް ދޭނަން…..” ޝާހިޤު ތެދުވަމުން ބުނެލިއެވެ. “އިނގިދާނެތާ ތި ސަޕްރައިޒްގެ ވަރެއްވެސް، ދެން………..ދެން އެކަމަކުވެސް ދަނީތަ މިރޭ، ހާދަ އަވަހަކާ ތިދަނީ، އަދި ތިނެއްނު އެޖަހަނީ………” ނައުރީން ކުޑަކުއްޖެ ފަދައިން ބޮޑާހާކާލިއެވެ. “އާ މިރޭ ތަންކޮޅެއް އަވަހަށް ގޮސްލަންކަމަށް، އަދި ގުޅާނަން ނައުއަށް މިރޭ، ފޯނުނަގައްޗޭ…….” ޝާހިޤު ލޯގަނޑު ކުރިމަތީ އޭނަގެ އިސްތަށިގަނޑު ރީތިކޮށްލަމުން ބުނެލިއެވެ.

ނިދިފައި އޮތް ޒޯޔާއަށް ކުއްލިއަކަށް ހޭލެވުނީ ބިރުގަންނަ ޒާތުގެ ހުވަފެނެއް ފެނިގެންނެވެ. އެއާއެކު ބަލާލެވުނީ އެނދުގެ އަނެއްފަރާތަށެވެ. ޝާހިޤުގެ ހިމާޔަތެއް ހޯދުމަށެވެ. އަދިވެސް ޒޯޔާއަށް ޝާހިޤު އޮތްތޯ ބަލާލެވެއެވެ. ހިތްއަދިވެސް އޭނަ ޒޯޔާގެ ގާތަށް އަންނާނެއޭ ބުނާވަރުންނެވެ. ކޮޓަރި އޭ.ސީގެ ފިނިން ފިނިކޮށްލާފައިވާއިރުވެސް ޒޯޔާ އިނީ ދާހިތްލާ ފޯވެފައެވެ. އަތުން މޫނު ފޮހެލަމުން ޒޯޔާ ތެދުވިއެވެ. އަދި ބަދިގެ ފަރާތަށް ނުކުތީ ފިނިފެންފޮދެއް ބޯލާ މީހާ ހަމަޖެހިލުމަށެވެ.

ކޮޓަރިން ބޭރަށް ނުކުތުމުން ވާރޭ ވެހޭ އަޑު އިވުނެވެ. މިރޭދެން ޝާހިޤު އަންނާނެ ކަމުގެ އެއްވެސް އުއްމީދެއް ޒޯޔާއަކަށް ނެތެވެ. ކާމޭޒުކައިރީ ގޮނޑިއެއްގައި އިށީނދެ ފުންނޭވާއެއް ލީ ހަމަޖެހިލުމަށެވެ. އަދި ހަމަޖެހިލައިގެން މަޑުން މަޑުން ފެންފޮދެއް ބޯލަން ޒޯޔާ އިނެވެ. ޒޯޔާ އަށްފެނުނީ ތެމިފޯވެފައިވާ ޝާހިޤު އަވަސް ހިނގުމުގައި އައިސް ކޮޓަރިއަށްވަދެ ދޮރުޖެހިތަނެވެ. ބޯންއިން ފެންތަށި މޭޒުގައި ބަހައްޓާފައި ޒޯޔާ ކޮޓަރިއަށްވަނީ މިރޭ އަނެއްކާ ޝާހިޤު ކިޔާނީ ކީކޭބާއޭ ހިތަށް އަރަމުންނެވެ.

“މިގަޑީގަ ބޭރުގަ ކީއްތަތިކުރަނީ………” ޝާހިޤު ޒޯޔާ ކޮޓަރިއަށް ވަތްތަނާ ބުނެލިއެވެ. “ޝާހިޤަށް އަހަރެން ނުފެނުނުތަ، އަހަރެން ކާމޭޒުކައިރީ ފެންފޮދެއް ބޯލަން އިނީ……..” ޒޯޔާ މަޑުމަޑުން ބުނެލިއެވެ. “ޒޯޔާ ހާލުކިހިނެތްތަ މިއަދު………..”ޝާހިޤު ތެތްއެއްޗެހި ބަދަލްކޮށްލިއެވެ. އަދި ޑްރެސިންގ ޓޭބަލްގެ ގޮނޑީގައި އިށީނެވެ. ޒޯޔައަށް ލިބުނީ ހައިރާންކަމެކެވެ. އެހެން އެ އެހީ ހަމަ ޝާހިޤު ބާއޭ ޒޯޔާގެ ހިތަށްއެރިއެވެ. ޝާހިޤު އަނެއްކާވެސް އަހާލިއެވެ. އަދި އޭނައާ ދިމާ އެނދުގައި އިށީނުމަށް ބުންޏެވެ. ޒޯޔާ އުފަލުން އަވަހަށް ބޯޖަހާލެވުނެވެ. އަދި އެނދުގައި އަވަސް އަވަހަށް އިށީނެވެ. މިރޭ ޝާހިޤުގެ ވާހަކަދެއްކުމުގައި މަޑުމައިތިރި ގޮތްހުރުމުންނެވެ.

“ޒޯ، އަހަރެން މިއުޅެނީ މީހަކާ އިންނަންވެގެން………..” ޝާހިޤު ޒޯޔާއަށް ބަލަހައްޓައިގެން އިނދެ ބުނެލިއެވެ. ޒޯޔާ އަށް ހީވީ އޭނަގެ މޫނުމަތީ އެތިފަހަރެއް ޖެހިހެންނެވެ. އެކަމަކު އެތަދުވެސް ޝާހިޤު ބުނިޖުމްލައަށްވުރެ ވޭން ކުޑަވާނެއެވެ. މޫނުމަތީގައި ހުރި އުފާވެރިކަން ފަޅިސިކުންތުކޮޅެއްގެ ތެރޭ ފިލައިގެންގޮސް މޫނު ހުނދުކަފަކޮޅަކަށްވިއެވެ. ޒޯޔާ އެއްވެސް ޖަވާބެއް ޝާހިޤަކަށް ނުދެއެވެ. އޭނައަށް ވަގުތުން އިސްޖެހުނެވެ. ޝާހިޤަށް ޒޯޔާގެ މޫނުގެ ކުލަވަރުތައް ފެނުނެވެ. އޭނަ ޒޯޔާއަށް އަޑުނީވޭ ކަމަށް ހީކޮށް އަނެއްކާވެސް އެޖުމްލަ ތަކުރާރުކޮށްލިއެވެ.

“އަހަރެން ކީކޭ ތިކަމުގަ ބުނަންވީ…..އަހަންނަށް އިނގެނީ އަހަރެން ޝާހިޤުދެކެ ލޯބިވާވަރު……..ޝާހިޤު އަހަރެން ގަބޫލު ނުވިއްޔާ ތިކަންނުކޮށް ހުންނާނަންތަ؟” ޒޯޔާ އިސްޖަހާލައިގެން އިނދެ ބުނެލިއެވެ. “އަހަރެން ހަގީގަތުގައި ޒޯޔާގެ ހިޔާލެއް ބޭނުމެއް ނޫން، އެކަމަކު ހަމަ ބުނެލީ……….ދެން ތިހެން ނީދެ މަގޭ ފޮށިނަގާބަލަ………….” ޝާހިޤު ތެދުވަމުން ބުނެލިއެވެ.

ޒޯޔާގެ ލޮލަށް ޖަމާވަމުން ދިޔަ ކަރުނަތަށް ހިފެހެއްޓޭތޯ ވަރަށް މަސައްކަތްކުރިއެވެ. “ޝާހިޤު……….ކޮންތާކަށް ދާން ތިއުޅެނީ……..އަހަރެން ދޫކޮށްލާފަ ދަނީތަ…” ޒޯޔާ އަޅައަޅައިގަންނަމުން ބުނެލިއެވެ. “އާ…..ކަލެއާ ދުރަށްދާން ބޭނުންވަނީ މިހާރު………އަހަރެން މިއުޅެނީ ނައުރީންނާ އިންނަންވެގެން……….ދެންވެސް އެކުން އަހަރެން ރުޅިނާރުވާ އަވަހަށް ފޮށިނަގާދީބަލަ………..ނޫނީ އޭތި ކޮންތާކަށްތަ ލީ………..” ޝާހިޤު ފޮށި ހޯދަމުން ބުނެލިއެވެ. ޒޯޔާ ޝާހިޤުއަށް ފޮށިހޯދަދޭކަށް ބޭނުމެއްނޫނެވެ. ޝާހިޤު އޭނައާ ދުރަށް ދާކަށް ޒޯޔާ ބޭނުމެއް ނޫނެވެ. އެހެންކޮންމެ ކަމަކަށް ޒޯޔާ ކެތްކުރަންހުރީ ތައްޔާރަށެވެ. “ޝާހިޤު ޕްލީސް……ނުދޭ، ޕްލީސް ނުދޭ………..އަހަރެން ކޮންމެކަމެއްވެސް ކޮށްފާނަމޭ……….ޝާހިޤު ބުނިކަމެއް ކޮށްފާނަން…….ޕްލީސް ނުދޭ ތިގޮތަށް…..” ޒޯޔާ ޝާހިޤުގެ ފަހަތުން އާދޭސް ކުރަންފެށިއެވެ. “މިދެން ކިހާ ދެރަކަމެއް، މަށަށް ފޮށި ހޯދަނުދީ ކޮންބޭކާރުކަމެއްތަ ތިކުރަނީ………..ބޮލަށް އުނދަގޫވާވަރުވޭ…..” ޝާހިޤު ޒޯޔާ ކޮނޑުގައި ހިފާ ކޮއްޕާލިއެވެ. ނަސީބަކުން ޒޯޔާ ދެތިންފިޔަވަޅު ފަހަތަށް ދިޔަކަމުގައިވިޔަސް ނުއެއް ވެއްޓުނެވެ. ޝާހިޤު ފޮށި ނުފެނިގެން ރުޅިގަދަވާން ފެށިއެވެ.

ޝާހިޤަށް އެއްލިކަޅިއަކުން އަލަމާރި ބިއްދޮށުގައި އޮތް ކުޑަފޮށިފެނުނެވެ. އޭތި ދަމާފަ ނެގިއެވެ. އަދި ފޮށީގެ ވަށައިގެން ލާފާއިއޮތް ރަބަރުކޮތަޅު ނައްޓަލުމަށްފަހު ފޮށި ހުޅުވާލިއެވެ. ޝާހިޤު އަލަމާރީގައި ހުރި އޭނަގެ އެއްޗެހި ފޮއްޓަށް އަޅަންފެށިއެވެ. ޒޯޔާ ޝާހިޤުގެ ފަހަތުން އެހެން ނުހެދުމަށް އާދޭސް ކުރަމުން ދިޔައެވެ. ޝާހިޤު ފޮޓަށް އެއްޗެހި އަޅަމުންދާވަރަކަށް ޒޯޔާ ފޮށިން އެއެއްޗެހި ނަގަންފެށިއެވެ. މިމަންޒަރު ފެނިގެން ޝާހިޤު ގާތަށް ރުޅިއައިސްގެން ޒޯޔާގެ ކަންފަތްމަތީ ޖެހިއެވެ. އެވަގުތު ޒޯޔާގެ ބަޑިފަޅައިގެން ދިޔައެވެ. ބާރުބާރު ރޮމުން ފޮށިން ޝާހިޤުގެ އަންނައުނުތައް ނަގާ އެނދުމައްޗަށް އަޅަންފެށިއެވެ. “އާދޭސްކޮށްފަ މިބުނީ………ޝާހިޤު އަހަރެންދެކެ ދުވަހަކުވެސް ލޯބިވިއްޔާ އަހަންނަށް ތިހެންނަހަދާ، ޕްލީސް ލޯބީ، އަހަރެންގެ ބަނޑުގައިމިވާ ދަރިންގެ ހައްގުގައި އަހަރެން އެކަނިކޮށްނުލާ………..ޕްލީސް އާދޭސްކޮށްފަ މިބުނީ، އަހަންނަށް ޝާހިޤު އާއިނުލާ އުޅޭކަށް ނޭގޭނެ………އަހަރެން ގަބޫލޭ…….އަހަރެން ޝާހިޤު ދެއަތްބަށްއިންނަން ގަބޫލޫ، އެކަމަކު ތިގޮތަށް ނުދޭ……….” ޒޯޔާ ރޮމުން ޝާހިޤުއާއި ވާހަކަދެއްކިއެވެ. ޝާހިޤު ޒޯޔާ އަނގަމަޑުކުރުމަށް ބުނެ އަނގަމަތީ ޖެހިއެވެ. އަދި ފޮށީގައި ހިފާ ޒޯޔާގެ އަތުން ދަމައިގަތެވެ.

ޝާހިޤު ފޮށިގެންދަން ރެޑީކޮށްލުމާއެކު ޒޯޔާ ދުވެފައި ގޮސް ދޮރުކުރިމަތީ ހުރަސްއެޅިއެވެ. “ކަލޭ ހީކުރީ އަހަރެން ކަލޭ ކިޔާއެއްޗަކަށް ބަލައިގެން އުޅޭނެކަމަށްތަ؟…….އަހަރެން ބޭނުންވަނީ ކަލޭ މިޤެއިންވެސް ބޭރުކުރަން…….މީމަގޭ ގެ، މިކޮޓަރީގައި އުޅޭނީ މަށާ މަގޭ އަންހެނުންނާ………..މިބުނީ ތީ މިއަދުންފެށިގެން މަގޭ އަތްބެއް ނޫނޭ، ޒޯޔާ ތިހިރީ ވަރިކޮށްފަ، އަހަރެން މިރޭ ދާއިރު ޒޯޔާވެސް ވާނީ ޒޯޔާގެ ގެއަށްދާން……………” ޝާހިޤު ހަރުކަށިކޮށް ޒޯޔާ ދުރަށްލާން މަސައްކަތްކުރިއެވެ. ޒޯޔާއަށް ކުރިއަށްވުރެ ބާރަށް ރޮއެގަނެވުނެވެ. އެދަންވަރު އެހީއަކަށް އެދި މަންމައަށް ގޮވުނެވެ.

“ކީހާ ބޮޑު ބަލާ………..، ކަލޭ މިގޭ މީހުން ހޭއްލަވަން އުޅޭނެކަމެއް ނެތް…………” ޝާހިޤު ޒޯޔާ ވައްޓާލުމަށްފަހު އޭނަގެ ކަންފަތްމަތި ބޮނޑިއެއް އެޅިއެވެ. އަދި ދޮރުހުޅުވަން ދިމާކޮށްލިތަނާ އޭނަގެ ފައިގާ ޒޯޔާ އޮޅުލައިގަތެވެ. “ޕްލީސް، އަހަރެން ވަރިނުކުރޭ……………އަހަރެން ދޫކޮށްނުލާ……ޕްލީސް ޝާހިޤު، މާތްﷲ އަށްޓަކައި އަހަރެން ޝާހިޤު ބުނިކޮންމެކަމެއްވެސް ކޮށްފާނަން އެކަމަކު ތިހެން ނަހަދާ………..މަންމާ…..މަންމާާާާާ………” ޒޯޔާ ގެ އާދޭހުގެ އަޑެއް ޝާހިޤު އަހާކަށް ބޭނުމެއް ނޫނެވެ.

ޖެހިގެން ހުރި ޝާރިޤުގެ ކޮޓަރިން އޭނަ ނުކުތީ ޒޯޔާ މަންމައަށް ގޮވާއަޑަށެވެ. އޭނަ އަށް ޒޯޔާގެ ރުއިމުގެ އަޑުއިވުމާއެކު ހުރެވުނުތަންވެސް ނޭގުނެވެ. ނާދިއާގެ ކޮޓަރީގައި ޓަކިދިނެވެ. “މަންމާ، ނިކަން އަވަހަށް ނުކުމެބަލަ………ދޮންބޭ، ހޭލަބަލަ……..” ޝާރިޤު ފަހަރަކު މީހެއްގެ ކޮޓަރީގައި ޓަކިޖެހިއެވެ. އެންމެން އެކުއެކީހެން ނުކުތެވެ. ޒޯޔާގެ ރުއިމުގެ އަޑު ގޭއެންމެނަށް އިވުނެވެ. އަލިމަނިކު އައިސް އަވަހަށް ޝާހިޤަށް ދޮރުހުޅުވުމަށް ބުންޏެވެ.

ޝާހިޤު ފައިން ޒޯޔާ ފޮޅާލިއެވެ. އަދި ދޮރުހުޅުވިގޮތަށް ނުކުމެގެން ދިޔައެވެ. “ޒޯ….” އެންމެނަށް ބުނެލެވުނެވެ. ޝާމިން ޝާހިޤު ހުއްޓުވުމަށް އޭނަގެ އަތުގައި ހިފެހެއްޓިއެވެ. އެކަމަކު އޭނަ އެކަކުގެވެސް ވާހަކައެއް އަޑުއަހާކަށް ބޭނުމެއް ނުވިއެވެ. ޒޯޔާ ނާދިއާގެ ކައިރިއަށް އައެވެ. “މަންމާ………ޕްލީސް މަންމާ، ޝާހިޤު ކައިރީ ބުނެބަލަ އަޅުގަނޑަށް އެހެން ނަހަދާށޭ………މަންމާ ބުނެބަލަ ޝާހިޤު ކައިރީ އަޅުގަނޑު ވަރިނުކުރާށޭ…….އަޅުގަނޑުގެ ކުށަކީ ކޮބާ……….އާދޭސްކޮއްފަ މަންމަގާތު އަޅުގަނޑު މިއެދެނީ، މަންމަ ބުނީމަ ޝާހިޤު އަޑުއަހާނެއޭ……މަން………މަންމާ……..” ޒޯޔާ ގިސްލަ ގިސްލާފައި ނާދިއާ ކައިރިން އެދެމެން ދިޔައެވެ. ނާދިއާއަށް އަނގައިންވެސް ނުބުނެވުނެވެ. ފެންކަޅިވެފައިވާ ހާލު ގަބުވެފަ ހުރެވުނީއެވެ. “ދަރިފުޅާ…….” އަލިމަނިކަށް ބުނެވުނެވެ. ޒޯޔާ ހީވަނީ މޮޔައެއްހެންނެވެ.

“ދޮންބޭ……..ތީ މިގޭ ހުރިހާ ކުދިންގެ ދޮންބެއެއްނު، އަޅެ ދޮންބެ ބުނެބަލަ ޝާހިޤު ކައިރީ އަޅުގަނޑު ދޫކޮށްލާފަ އެގޮތަށް ނުދާށޭ……….އަޅުގަނޑު މޮޔަވެސް ވެދާނެއޭ………ދޮންބޭ ޕްލީސް……ޕްލީސް…….ޕްލީސް، ޝާހިޤު ކައިރީބުނެބަލަ އަޅުގަނޑު ކޮންމެކަމެއްވެސް ކޮށްފާނަމޭ، އެކަމަކު އަޅުގަނޑު ވަރިނުކުރާށޭ…………އާދޭސް ކުރަން، އޭނަ ދޮންބެގެ ވާހަކަ ގަބޫލު ކޮށްފާނެ…………….” ޒޯޔާ ޝާމިންގެ ފައިބުޑަށް ވެއްޓި ދެއަތްޖޯޑުކޮށްލަމުން އާދޭސް ކުރިއެވެ. ޝާމިންވެސް ހުރީ ޝޮކެއްގެ ތެރޭއެވެ. ބުނާނެ އެއްޗެއް ނޭގިފައެވެ. މަލާކްއަށް ބާރުބާރަށް ރޮވިއްޖެއެވެ. މިޝްކާ ރޮމުން ރޮމުން ޒޯޔާ ނެގުމަށް އައެވެ. އެވަގުތު ގޭގެ ބޭރު ދޮރުޖެހުނު އަޑު ޒޯޔާއަށް އިވުނެވެ.

“ޝާހިޤު……….” ވައިއަޑުން ޒޯޔާއަށް ބުނެލެވުނެވެ. އޭނައަށް ބޭއިހްތިޔާރުގައި އެދިމާލަށް ދުއްވައިގަނެވުނެވެ. ފައިވާނަކަށްވެސް ނާރާ ނިދާއެއްޗެހީގަ އެދަންވަރު ޒޯޔާ މަގުމައްޗަށް ނުކުތެވެ. ވެހެމުންދިޔަ ބޯވާރޭގައި މަގުގެ އަނެއްކޮޅުވެސް ނުފެނެއެވެ. އެކަމަކު މަގުގެ ކަނާތް ފަރާތަށް އެޅި ސައިކަލު ޒޯޔާއަށް ކުއްލިއަކަށް ފެނުނެވެ. އެދިމާލަށް ދުއްވައިގަނެވުނެވެ. އަށްމަހުގެ ބޮޑު ބަނޑާއިއެކު ޒޯޔާ ގިސްލަމުން ދުވަމުން ދިޔައެވެ. މިއަދު ދުނިޔެވެސް އޭނަގެ ހާލާމެދު ހަމްދަރުދީ ފާޅުކުރަނީއެވެ. އެވިލާތަކަށްވެސް ހިފަހެއްޓޭނީ ވަކިވަރެއްވަންދެން ނޫންހެއްޔެވެ. މިރޭ ޒޯޔާގެ ހަށިގަނޑުގައި ބީހިލާ ކޮންމެ ވާރޭތިއްކެވެސް ފައިބެގެން އެދަނީ ރޮއެފައެވެ.

ގޭތެރޭގައި ހުރި ޝާރިޤުވެސް ލައިގެންހުރި ޖިންސާއެކީ ދުއްވައިގަތީ ޒޯޔާގެ ފަހަތުންނެވެ. ޝާރިޤަށް ޒޯޔާއާއި އަރާހަމަކުރެވުނީ ޒޯޔާ ހަތަރުއަނގޮޅިއެއްގެ ކަންމައްޗަށް ހުއްޓުމުންނެވެ. އޭރު އޭނަވެސް ތެމިފޯވެއްޖެއެވެ. މަގުމަތީގައި އެގަޑީގަ އެދެމީހުން ފިޔަވާ މީހަކު ފެންނާކަށް ނެތެވެ. “ޒޯ………ޒޯ……..މަޑުކޮށްބަލަ…….” ޝާރިޤު ޒޯޔާއާއި އަރާހަމަވަމުން ބުނެލިއެވެ. ޒޯޔާގެ ކޮނޑުގައި ޝާރިޤު ފަހަތުން ހިފިއެވެ. ޒޯޔާ ފަހަތަށް އެނބުރިލިއެވެ. ޝާރިޤު ފެނުމުން އޭނައަށް މާބޮޑަށް ރޮވުނެވެ. ޝާރިޤުގެ ގައިގާ އޭނައަށް ލައްގަނެވުނެވެ. ޝާރިޤަށް ހުރީ ޒޯޔާގެ ގައިގާ އަތްލަންވެސް ނުކެރިފައެވެ.

ޒޯޔާއަށް އޭނަ ހުރެވުނުތަނާ ހުރެވުނުގޮތް އިޙްސާސްވީ ޝާރިޤު އޭނަގެ ކޮނޑުގައި އަތްލުމުންނެވެ. މޮޔެއްފަދައިން ޝާރިޤުގެ ގާތުގައި ޝާހިޤުގެ ވާހަކަ ދައްކަމުން ދިޔައެވެ. ޝާރިޤު ޒޯޔާގެ މޫނުގައި ދެއަތުން ހިފާ އޭނައާއި ހަތަރުކަޅި ހަމަކޮށްލިއެވެ. އަދި ގެއަށްގޮއްސަ ޝާހިޤަށް ގުޅާނީކަމަށް ބުނެ އަވަހަށް ގެއަށް ދިއުމަށް އެދުނެވެ. ޒޯޔާ ޝާރިޤާއެކު މަޑުމަޑުން ހިނގައިގަތީ ގެއަށް ދިއުމަށެވެ.

މިއަދު ޒޯޔާ ދިރިއުޅުމުގައި ފޭލްވެއްޖެއެވެ. އޭނަގެ ކެތްތެރިކަމުގެ އެއްވެސް އަގެއްނެތެވެ. އެކަމަކުވެސް އަދިވެސް ޝާހިޤަށް އެދި ޒޯޔާގެ ހިތްގިސްލަނީއެވެ. އެދެލޮލުން ކަރުނަތައް އެއްވެސް ހިފަހެއްޓުމެއް ނެތި ފައިބަމުންދިޔައެވެ. ޒޯޔާއަށް ޝާހިޤު ވީ އޭނަގެ ހިތަށް ޒަހަރެއްކަމަށެވެ. ޒޯޔާ އަށް ދެލޯމަރާލެވުނެވެ. އޭނަގެ ފުރާނަ އެވަގުތު ގެންދަވާނެނަމައޭ އޭނަގެ ހިތަށް އެރިއެވެ. އޭނަ ވަރުބަލިވެއްޖެއެވެ. ވަރަށް ބޮޑަށް ވަރުބަލިވެއްޖެއެވެ. ޒޯޔާއަށް ކައިރީގައި ހުރި ފާރުގައި އަތްޖައްސާލެވުނެވެ. އަދި ރޮމުންރޮމުން ހުރިތަނަށް ތިރިވިއެވެ.

“ޒޯ، އަވަހަށް އާދޭ………” ޝާރިޤު ޒޯޔާ ނަގަން މަސައްކަތް ކުރިއެވެ. “ދެން އަހަންނަށް ކުރިއަކަށް އެންމެ ފިޔަވަޅެއްވެސް ނޭޅޭނެ، އަހަރެން ވަރުބަލިވެއްޖެ، ދާންވީ މިސްރާބު އޮޅިއްޖެ، ވަށައިގެންވަނީ  އެކަނިވެރިކަން…..އަހަރެން ބާކީވެއްޖެ………ކުރިއަށް ދާހާ ހިތްވަރެއް ދެނެއްނެތް……” ޒޯޔާ ފާރުގައި ބޯޖައްސާލަމުން ބުނެލިއެވެ. “އެހެން ނުބުނޭ ޒޯ……..މީ ދުނިޔެ، އަހަރުމެންނަށް އެކިކުލަވަރު މިދުނިޔެ ދައްކާނެ، އޭގަ އަހަރުމެން ކެތްތެރިވުން ނޫންގޮތެއް ނެތް……..” ޝާރިޤު ޒޯޔާ އޭނަގެ އަތްދަނޑިމައްޗަށް އުފުލާލިއެވެ.

ވާރޭގަނޑުތެރޭ މަޑުހިނގުމުގައި ޝާރިޤު ޒޯޔާ ގޮވައިގެން ދިޔައީ އޭނަގެ ހިތުން އެތަކެއް ވައުދުތަކެއް ވަމުންނެވެ. ޒޯޔާގެ ދިރިއުޅުމަށް އާއުއްމީދުތަކެއް ގެނެސްދިނުމަށެވެ. އެމޫނުގައި ގެއްލިފައިވައިވާ ހިނިތުންވުން އަނބުރާ ގެނެސްދޭނެކަމަށް ވައުދުވަމުންނެވެ. ޒޯޔާ ޝާރިޤުގެ ކަނދުރާގައި އެއްއަތުން ހިފަހައްޓާލައިގެން އޭނަގެ މޭގައި މޫނު ފޮރުވާލައިގެން އޮވެ ގިސްލަ ގިސްލާފައި ރޮމުންދިޔައެވެ. މިއަދު އޭނަ އެކަރުނަތަށް ހިފަހައްޓާކަށް ބޭނުމެއްނޫނެވެ. ޒޯޔާގެ ކޮންމެ ގިސްލުމަކާއެކީ ޝާރިޤަށް ހީވަނީ އޭނަގެ ހިތަށް ތޫނުއެއްޗަކުން ހަމަލާދޭހެންނެވެ. ވާރޭތިކިތަކުގެ ތެރެއިންވެސް އޭނަގެ މޭގައި ޖެހިފައިވާ ޒޯޔާގެ ކޯތާފަތުން ފައިބާ ކަރުނަތައް އިހްސާސްވެއެވެ. އެކަރުނައިގައި ދިލައާތްވެ އެކުލެވިގެންވިއެވެ. އެވާރޭގައި ޝާރިޤުގެ ލޮލުންވެސް ވޭނީ ކަރުނަތަށް ފައިބަމުންދިޔައެވެ. ޒޯޔާ އޭނަގެ ހިތްވެސް ރޮއްވާލައިފިއެވެ. އޭނަގެ ހިތަށް ކުރާ އަސަރުން އިރުއިރުކޮޅާ ދެލޯ މަރާލެވެއެވެ. އޭނައަށްވެސް ހިފެހެއްޓުމެއްނެތި ރޮވެނީއެވެ. ފާފައަކަށް ނުވާނަމަ މިއަދު އޭނަ ޝާހިޤުގެ ފުރާނަވެސް ދުއްވާލާނެއެވެ. ޒޯޔާދެކެ އެހާވެސް ލޯބިވެއެވެ.

“ދަރިފުޅާ………” ނާދިއާއަށް ތެމިފޯވެފައިވާ ހާލުގައި ޝާރިޤު ޒޯޔާ އޭނަގެ އަތްދަނޑިމައްޗަށް ލައިގެން އައިސް ވަންތަން ފެނުމުން ބުނެލެވުނެވެ. ޝާރިޤު ހިނގައިގަތީ ޒޯޔާގެ ކޮޓަރިއާ ދިމާލަށެވެ. އޭނަގެ ފަހަތުން އަވަސް ފިޔަވަވަޅުގައި އެންމެން އައެވެ. އޭރުވެސް ޒޯޔާގެ ގިސްލުމުގެ އަޑަށް ބަދަލެއް ނާދެއެވެ.

ޝާރިޤުގެ އަތްދަށުން ދެމިގަންނަމުން ޝާދިން ޒޯޔާގެ ކޮޓަރިދޮރު ހުޅުވާލިއެވެ. ޝާރިޤު ޒޯޔާ އޭނަގެ އެނދުގައި ބޭންދިއެވެ. އެހިސާބުން އޭނައަށް ޒޯޔާއަށް އެއްވެސް ބާރެއް ނުފޯރުވުނެވެ. ގޭގެ އެހެން މީހުން ޒޯޔާ ހުއްޓުވަން މަސައްކަތް ކުރަންފެށިއެވެ. ހުރިހާ ފިރިހެންވެރިން ކޮޓަރިން ނުކުތެވެ. އޭރުވެސް ޝާރިޤުގެ އިސްތަށިގަނޑުންނާއި ޖިންސުގެ ފައިކުރިން ފެންތައް ފައިބައެވެ. އެހެންވެ އޭނަވަނީ އޭނަގެ ކޮޓަރިއެވެ.

“ދަރިފުޅު ދެން ހުއްޓާލަބަލަ……….މަންމައަށްވެސް އެނގޭ ދަރިފުޅު ދެރަވާނެކަން، އެކަމަކު ތިހެން ރޮއެރޮއެ ދަރިފުޅުގެ ހިތްހަލާކުވާހަކަށް މަންމަ ބޭނުމެއްނޫން……..ދަރިފުޅަކީ ހިތްވަރުގަދަ ކުއްޖެއްނު” ނާދިއާ ޒޯޔާ ގެނެސް މޭގައި ޖައްސާލަމުން ބުނެލިއެވެ.

“މަންމާ، ޒޯ އެހެރީ ހީކަރުވައިގަނެފަ، އަވަހަށް ހިނގާ ތެތްއެއްޗެހި ބަދަލުކުރަމާ، މިޝްކާ ތިހިރަ އަލަމާރިން ޒޯ ލާނެ އެއްޗެއް ނަގާބަލަ………..”މަލާކް އޭނަގެ ލޯފޮހެލަމުން ބުނެލިއެވެ. ކައިރީގައި އިން ނާދިއާ ތެދުވިއެވެ. ޒޯޔާ ބަސްއަހާ ކުއްޖެއް ފަދައިން ތެދުވިއެވެ. އޭނަގެ ދުލުން ހަމައެކަނި ނުކުންނަ ނަމަކީ ޝާހިޤުއެވެ. އޭނަ ގެނެސް ދިނުމަށް އާދޭސް ކުރެވެނީއެވެ. އޭނަ ނުފެންނަ ހިސާބުގައި ޒޯޔާއަށް ނޫޅެވޭނެތީއެވެ.

“ހެލޯ……..” ނިދިބަރު އަޑަކުން ނައުރީން ބުނެލިއެވެ. “އޭ ނައު، ހޭލަބަލަ……..މި ދޮރު ހުޅުވަބަލަ……ނައު، ދެން ހޭލަބަލަ މިހިރީ ތިތާ ބޭރުދޮރުކައިރީގައޭ…..” ޝާހިޤު ބުނެލިއެވެ. ނައުރީން ހޫ އެކޭ ލައްވާލަމުން އެނދުން ތެދުވެގެން އައިސް ދޮރުހުޅުވާލިއެވެ.

“ނިދީތަ….ހާދައިރެއްވެއްޖެޔޭ ބެލްޖަހާތާވެސް، އަހަރެން ބުނީމެއްނު ނައުއަށް ގުޅާނަމޭ” ޝާހިޤު އެތެރެއަށް ވަންނަމުން ބުނެލިއެވެ. “ފިނިކަމުން ނިދުނީއޭ، އެހެންނޫނަސް ކިހާލަހުން ތިއައީ……ތިއޯ!…..ތީކޮން ފޮޓެއް؟، އަނެއްކާ މިއޮއްގަދަ ވިއްސާރައިގާ ނުތެމިތިއައީ ކިހިނެތް؟” ނައުރީން ޝާހިޤުގެ ފޮއްޓާދިމާލަށް ހައިރާންކަމާއެކު ބަލާލަމުން ބުނެލިއެވެ.

“ސަޕްރައިޒް………….ސަޕްރައިޒް……..ސަޕްރައިޒް…….” ޝާހިޤު ފޮށި ބަހައްޓަމުން ނައުރީންގެ ސުވާލަށް ޖަވާބުދިނުމުގެ ބަދަލުގައި ނައުރީންއުރާލައިފައި އެނބުރިލިއެވެ. “ޝާހިޤު އަހަރެން ވެއްޓިދާނެ، ޕްލީސް ތިރިކުރޭ……..” ނައުރީންގެ ނިދިގަނޑު ފިލައިގެން ދިޔައެވެ. އަދި ހޭންފެށިއެވެ. “ދެން ލޯބީ ޕްލީސް އަހަރެން ބަހައްޓަބަލަ……….” ނައުރީން ހެމުން ބުނެލިއެވެ.

“މީ ނައުއަށް އަހަރެން ދޭންބުނި ސަޕްރައިޒް، ދެން ނުދާނަން ނައުއާ ދުރަކަށް………ދެން ފޫހިވެގެން ނޫޅެއްޗޭ…………” ޝާހިޤު ނައުރީން ބަހައްޓަމުން ބުނެލިއެވެ. “ކީކޭ………ކިހިނެތް ތިހެންވާނީ، ކޮބާ ޝާހިޤުގެ އަންހެނުން، ޒޯޔާ ކޮބާ؟” ނައުރީންނަށް ޝާހިޤު ބުނަން އުޅޭ އެއްޗެއް ސާފުނުވުމުން ބުނެލެވުނެވެ. “ވެލް، އައި ޑިވޯސްޑް ހާ، އަހަރެން އޭނަ ވަރިކޮށްފިން، އަހަރެން ނައު ބޭނުން، ނައުގެ ހިތްހަމަ ޖެހުމަކީ އަހަރެންގެވެސް ހިތްހަމަ ޖެހުން، އެހެންނޫނަސް އަހަރެން ބޭނުންނުވާ މީހަކާއެކު ކިހިނެތްދޯ އުޅޭނީ…..އޭނައަށްވެސް ރަގަޅުވާނީ ދެން އަހަންނާ ދުރުވީމައެންނު” ޝާހިޤު ނައުރީންގެ ކޮޓަރިއަށް ފޮއްޓާ އެއްޗެހި ވައްދަމުން ބުނެލިއެވެ. ނައުރީން ހުރީ ޝާހިޤު ބުނިއެއްޗަކުން އަޖައިބުވެފައެވެ. އޭނައަށް ގަބޫލުކުރަންވެސް އުނދަގޫވެފައެވެ. ޝާހިޤު ހަމައަސްލުވެސް އެއައީ ޒޯޔާ ވަރިކޮށްފަބާއޭ ނައުރީންގެ ހިތަށް އަރަމުން ދިޔައެވެ.

“ލޯބީ، ސީރިއަސްކޮށްތަ؟، ހަމަ ވަރިކުރީތަ، އަހަންނަށްޓަކާތަ؟” ނައުރީން އަދިވެސް ޔަގީންކުރަން ބޭނުންވިއެވެ. “ޔެސް، ޔެސް، ޔެސް، ހަމަވަރިކުރީއޭ، ނައުއަށްޓަކައޭ…….އަހަރެން ނައުދެކެ ލޯބިވާތީއޭ…….ދެން ބުނެބަލަ ހެޕީތަ؟” ޝާހިޤު ބެލްކަންޏަށް ނުކުންނަން އިންނަ ދޮރުގެ ކަނީގައި ލެގިލަމުން ބުނެލިއެވެ. “ހޫމް…….ވަރަށް ވަރަށް ވަރަށް އުފާވެއްޖެ، ބުނެދޭންވެސް ނޭގޭ…………އައި ލަވް ޔޫ، ސޯ، ސޯ މަޗް، އޯ ޝާހިޤު…….” ނައުރީން ދުވެފައި ކަހަލަގޮތަކަށް ގޮސް ޝާހިޤުގެ ގައިގާ އޮޅުލައިގަތެވެ. އޭނަ ހުރީ ވަރަށް އުފާވެފައެވެ. ޝާހިޤު ހަމައެކަނި އޭނަގެ މީހަކަށްވީމައެވެ.

އެނދުގައި އަރިއަކަށް އޮތް ޒޯޔާ ކޮންމެވެސް ވަރަކަށްވަނީ ހަމައަކަށް އެޅިފައެވެ. އެކަމަކުވެސް އޭނަގެ ލޮލުން ކަރުނަ ނުހިކެއެވެ. ބަސްހުއްޓިފައި އޮތްގޮތަށް އޮތީއެވެ. ނާދިއާއަށް ޒޯޔާ އެކަނި އެހާލައިގެން ދޫކޮށްލަން ނުކެރިފައި ޒޯޔާގެ އަނެއްފަރާތުގައި އޮތެވެ. އޭނަ އިރުއިރުކޮޅާ ޒޯޔާގެ އަތުގައި ފިރުމާލައެވެ.

ހެދުނު ނުވައެއް ދިހެއް ޖެހިއިރުވެސް ގޭތެރެވަނީ ފަޅުވެފައެވެ. ވަރޭ ނުވެހުނަސް އުޑުމަތިވަނީ ބަނަކޮށެވެ. އަދި ފަޒާގައިވަނީ ތެތްފިނިކަމެވެ. ގޭގައި އެކަކަށްވެސް ހަމަނިދި ނުނިދުނެވެ. ކޮންމެ މީހެއްގެ ސިކުނޑީގައި ވަނީ ޒޯޔާގެ ހިޔާލެވެ. ހުކުރަށްދިއުމަށް އެންމެން ތައްޔާރުވަމުން ދިޔައެވެ.

ކޮޓަރީގައި ހުރި ޒޯޔާ އަލަމާރިން ޝާހިޤު ނުގެންގޮސް ހުރިތަނުން ޓީޝާޓެއް ނެގިއެވެ. އަދި އިސްތިރިކުރާ މޭޒުކައިރިއަށް އައިސް އިސްތިރި ކުރަންފެށިއެވެ. އޭނައަށް އަދިވެސް ޝާހިޤު ނާންނާނެ ކަމަކަށް ގަބޫލެއް ނުކުރެވެއެވެ. ދެލޮލަށް ޖަމާވާ ކަރުނަތަށް އަތުގެ ނުފުށުން ފޮހެލަމުން އިސްތިރިކުރިއެވެ. އަދި ޓީޝާޓު ނަގާ ކޮނޑުގައި އަޅުވާލިއެވެ. އޭނައަށް އެޓީޝާޓާ ދިމާލަށް ބަލައްޓައިގެން ހުރެވުނީ ކިހާއިރަކު ކަމެއް ނޭގުނެވެ.

ދެދުވަސް ފަހުން ޝާހިޤު އޮފީސް އެއްޗެހީގައި ދޭޖަހަނިކޮށް ގެއަށް އައެވެ. އޭރުވެސް ޒޯޔާގެ ހާލަކީ ޝާހިޤު މަތިން ހަދާންކޮށް ކަރުނައެޅުމެވެ. ކޮޓަރިން ބޭރަށްވެސް ނުކުންނަނީ މީހަކު ނެރެފިނަމައެވެ. ކާނީވެސް ނާދިއާ އާއި މިޝްކާގެ ހިތްވަރުންނެވެ. އޭނަގެ ކަމަކީ އަމިއްލަ ނަފްސާ ޝަކުވާކުރުމެވެ.

ޝާހިޤު ގެއަށް ވަދެގެން އައިސް ކޮޓަރިއަށްވަނެވެ. އެވަގުތު ނާދިއާ ބަދިގޭގައި ތަށިތަށްނަގަން އުޅެއެވެ. ފުރަގަސް ދީގެން ހުރި ނާދިއާއަށްވެސް ޒޯޔާގެ ކޮޓަރިއަށް މީހަކުވަތްކަން އެނގެއެވެ. އެކަމަކު ބޭރު މީހެއް ނުވަންނާނެކަން އެނގޭތީ މާބޮޑު ސަމާލު ކަމެއް ނުދެއެވެ. ޝާހިޤުއައީ އޭނަގެ ލެޕްޓޮޕް ބަލައެވެ. ކޮޓަރިއަށް ވަނުމާއެކު އޭނައަށް އެނދުގެ ހުރަހަށް އޮށޯވެލައިގެން އޮތް ޒޯޔާ ފެނުނެވެ. ޒޯޔާ ފުންމައިގެން ތެދުވިއެވެ. ޝާހިޤަށް ކޮޓަރިތެރެއާއި ޒޯޔާ ފެނުމާއެކު އައިސްފައިވާ ބަދަލުން އޭނަހައިރާންވިއެވެ. ޒޯޔާގެ ރަތްވެފައިވާ ދެލޮލާ ހޭވިފައިވާ އިސްތަށިގަނޑެވެ. ކޮޓަރިތެރޭގެ ތަރުތީބު އޮޅިފައިވުމެވެ.

“ޝާހިޤު، ތިއައީތަ؟……….ދެން ނުދާނަން ދޯ…….” ޒޯޔާ ދުވެފައި ކަހަލަ ގޮތަކަށް އައިސް ޝާހިޤުގެ އަތުގައި ހިފިއެވެ. ޝާހިޤު ލޯއަޅާލިއެވެ. އޭނަގެ އަތުން ދޫކޮށްލާށޭ ބުނާފަދަ ގޮތަކަށެވެ. ޒޯޔާ ޝާހިޤާ ވާހަކަދައްކަމުން ދިޔައެވެ. އޭނަ ޒޯޔާގެ އަތްފޮޅުވާލިއެވެ.

“ކަލޭ ކައިރީ މިގޭން ނުކުންނާށޭ ބުނީމަވެސް ނުކުންނަން ނޭގިފަ ތިހުންނަނީ ކީއްވެތަ………..މިއަދު މަ ދާނީ މިގޭން ކަލޭ ބޭރުކޮށްފަ……..” ޝާހިޤު ޒޯޔާގެ ބޮލުގައި އިނގިލި ޖައްސާ ކޮއްޕާލިއެވެ. އަދި ޒޯޔާގެ އަތުގައި ހިފާ ދަމަމުން ބޭރަށް ނެރުނެވެ.

ތަށިތަށް ދޮންނަން ހުރި ނާދިއާއަށް ބަލާލެވުނީ ޝާހިޤުގެ އަޑަށެވެ. އޭނަގެ ރުޅިވެރި ހަޅޭކުގެ އަޑަށެވެ. ޒޯޔާ އޮތީ ކޮޓަރި ދޮރުބުޑުގައެވެ. “ސުބްހާނަﷲ…..ޝާހިޤު……..” ނާދިއާ އަށް ހަޅޭ ލަވައިގަނެވުނެވެ. އޭރުވެސް ޝާހިޤު މަސައްކަތް ކުރަމުން ދިޔައީ ޒޯޔާ ދަމާފަވިޔަސް ނެރެ އެގޭން ބޭރުކޮށްލުމަށެވެ. ނާދިއާ ތަށިތަށް ސިންކުގެ ތެރެއަށް ދޫކޮށްލަމުން ޒޯޔާއާއި ދިމާލަށް ދުއްވައިގަތެވެ. އަދި އައިސް ޒޯޔާގެ އަތުގައި ހިފެހެއްޓިއެވެ.

“މަންމަ މިކަމުގެ ތެރެއަށް ވަންނަން ނުހަދާ……..ވަރިކޮށްފަ ގެއަށް ދާށޭ ބުނީމަވެސް ދާން ނޭގިފަ ހުރިއިރު މީއޭނަގެ ގެތަ……” ޝާހިޤު ރުޅިވެރިކަމާއެކު ނާދިއާއަށް ބުނެލިއެވެ. އަދި ޒޯޔާގެ އަތަށް ކުއްލިއަކަށް ދަމައިގަތެވެ. އެއާއެކު ޒޯޔާ ޓައިލްސްތައް މައްޗަށް އަރިއަކަށް ވެއްޓުނެވެ. ނާދިއާ ޝާހިޤުގެ އަތުން ޒޯޔާގެ އަތްނައްޓާލުމަށް އެޅެގަތެވެ. “މަންމާ………..މަށަށް މިހާރު އޮޅިއްޖެ، މީތަ މަންމަގެ ދަރިއަކީ ނޫނީ އަހަރެންތަ……..” ޝާހިޤު ނާދިއާގެ އަތްވެސް ފޮޅުވާލަމުން ބުނެލިއެވެ.

ނާދިއާއަށް އިތުރަށް ކެތެއް ނުކުރެވުނެވެ. “ހަބަރުދާރު، ދެން ކަލޭ ޒޯޔާގެ ގައިގަ އަތްލިޔަސް އަހަރެން ފުލުހުންނަށް ގުޅާނަން، މީކީ ކަލޭގެ ގެއެއްވެސް ނޫން، އާ ޒޯޔާއަކީ މިއަދުންފެށިގެން އަހަރެންގެ ޅީދަރިއެއް ނޫން، އެއީ އަހަރެންގެ އަމިއްލަ ދަރިއެއް……..އެކަކަށްވެސް މިގޭން ޒޯޔާ ނުކުންނާކަށް އަމުރެއް ނުކުރެވޭނެ، ޒޯޔާ މިގޭން ނުކުންނަން ޖެހިއްޖެނަމަ އެދުވަހަކުން އަހަރެންވެސް މިގޭން ނުކުމެގެން ދާނަން………ޝާހިޤު ތިހާ ރަޚުމްކުޑަ މީހަކަށްވީ ކޮންދުވަހަކުތަ، އޭނަ އޭނދީ ޝާހިޤުގެ ކުދިންނަށް ބަލިވެކަމެއް އެއްފަހަރުވެސް ހިތަކަށް ނާރާތަ……ކަލޭ ތިވަރު ކުރާއިރުވެސް ކަލެއާ ދިމާލަށް ނުރުހިފަ އުފްވެސް ބުނެނުލާ…..އެވަރުގެ އަންހެނެއް ކަލެއަކަށް ނުލިބޭނެ…..ތީ އަހަރެންގެ ދަރިއެއްނޫން……..އާ އަހަރެންގެ ޝާހިޤުކިޔާ ތިހާ ރަހުމުކުޑަ ދަރިއަކު ނުހުންނާނެ، ތީތަ އަހަރެންގެ ހުރިހާވަގުތެއް ކަލޭމެންނަށްޓަކާ ހޭދަކޮށްގެން ދިން ތަރުބިއްޔަތަކީ………..ހަމަމިހާރު މިގޭން ނުކުމޭ، ކަލޭގެ އެއްޗެއް ހުރިއްޔާ އެ އެއްޗެއްވެސް ހިފައިގެން ނުކުމެގެން ދޭ………މިއަދަށްފަހު ކަލޭ މިގޭ އޮޅިގަނޑު ގިރާކޮށްލާތަންވެސް ބަލާކަށް އަހަރެން ބޭނުމެއްނޫން………..” ނާދިއާ އައިސްފައިވާ ރުޅިއާއެކު ރޮވުނެވެ. އެކަމަކުވެސް އޭނަ ކިޔަމުންދިޔަ އެއްޗެއްހި ނުހުއްޓައެވެ. އޭރު މީހާ ތުރުތުރު އަޅައެވެ.

ބޮލުގައި ރިއްސާތީ ގޭތެރެއަށް ވަދެގެން އައި އަލިމަނިކަށް ނާދިއާގެ އަޑުއިވުނެވެ. މީ ދުވަހަކުވެސް އޭނައަށް އިވުނުއަޑެއް ނޫނެވެ. އަލިމަނިކަށް ނާދިއާ ފެނުމާއެކު ހުއްޓުންއަރާގޮތްވިއެވެ. “ނާދިއާ ގޭތެރޭގަ މާ އަޑުގަދަވަނީ ކިހިނެތްވީ……..ޝާހިޤު ދަރިފުޅު…….” އަލިމަނިކު ޝާހިޤުގެ މޫނަށާއި ނާދިއާގެ މޫނަށް ބަލާލިއެވެ.

“އަލިމަނިކު، ނިކަން ދެކެބަލަ މިއަދު މިކުދިން ބޮޑެތިވެގެން އުޅޭގޮތް، އަހަރުމެން ދިން ތަރުބިއްޔަތަކީ އެއްވެސް އެއްޗެއް ނޫން، މިއަދު އޭނަ އެއައީ ޒޯޔާ މިގޭންވެސް ނެރެންވެގެން……….އެކުއްޖާގެ ހާލު އިހްސާސް ނުވިތަނުގަ އޭނަ އިންގޮތްވެސް މި ޝާހިޤަށް ނުފެނުނު، ކޮންފަދަ ރަހުމެއްނެތް ޢަމަލެއް……..އަހަރެން އެފަދަ ދަރިއެއް މިދުނިޔެއަށް އުފަންވެސް ނުކުރަން………….ޒޯޔާއަކީ އަހަރެންގެ އުފަންދަރިއަކަށް ނުވިޔަސް އެކުއްޖާދެކެ އަހަރެން ލޯބިވަނީ އުފަންދަރިއެއްފަދައިން…………” ނާދިއާ ޒޯޔާ ނަގަން މަސައްކަތް ކުރިއެވެ.

އަލިމަނިކާ ނާދިއާގެ ކައިވެންޏަށް މިހާދުވަސްވީއިރުވެސް ނާދިއާ އެގޮތަށް ރޮއެފަކާ ނުވެއެވެ. އެހެންވެ އަލިމަނިކަށް ވަރަށް އަސަރުކުރިއެވެ. އަދި ޝާހިޤުދެކެ ރުޅިވެސް އާދެވުނެވެ. އޭނަ ނާދިއާއަށް ޒޯޔާ ނެގުމަށް އެހީތެރިވެ ދިނެވެ. “ޝާހިޤު، ބައްޕަ ހީވެސް ނުކުރަން ޝާހިޤު ތިފަދަ މީހަކަށްވެދާނެއޭވެސް، އަދި ތިގޮތަށް ޒޯޔާއަށް ކަންތައްކުރާނެއެކޭ…….ޒޯޔާއަކީ ގޯސް ކުއްޖެއްނޫން…….މިގޭން ޒޯޔާއެއް ނުނެރެވޭނެ، ޝާހިޤު ތިއުޅޭގޮތް ހުއްޓާލާފަ ރީތިކޮށް ޒޯޔާ އާއިއެކު އުޅެން އާދޭ……….ކަންތައްކުރާނެ ގޮތްއެނގޭނީ ޝާހިޤަށް، އެކަމަކު މީގެފަހުން ޝާހިޤު ޒޯޔާގެ ގައިގަ އަތްނުލާތި” އަލިމަނިކު ޒޯޔާ އާއި ނާދިއާ ގޮވައިގެން ސިޓިންގ ރޫމާދިމާލަށް ހިނގައިގަތެވެ. ޝާހިޤު ހުރީ ނާދިއާ ކީއެއްޗެހިން ޝޮކެއްލިބިފައެވެ. ނާދިއާ އެހެން ބުނެފާނެކަމަށް ޝާހިޤުގެ ހިތަށްވެސް ނާރައެވެ. އޭނަ ދެރަވިއެވެ. އަވަސް އަވަހަށް ގެއިން ނުކުންނަން ދިޔައެވެ.

މިޝްކާ ޑޮކްޓަރަށް ދެއްކުމަށްފަހު މަލާކް އާއި މިޝްކާ ގެއާހަމަވަނީއެވެ. އެމީހުންނަށް އަވަސް ފިޔަވަޅުގައި ގޭން ނުކުމެގެން ގޮސް ސައިކަލަށްއެރި ޝާހިޤު ފެނުނެވެ. “ޔަގީން އެދަނީ ކޮންމެވެސް މޮޅުކަމެއްކޮށްފަ ޒޯއަށް……” މިޝްކާ މަލާކްގެ އަތުގައި ހިފާލަމުން ބުނެލިއެވެ. އޭރު އެމީހުން ގެއަށްވަންނަނީއެވެ. މަލާކްގެ އަތުގައި ހިފައިގެން ހުރި ރަޔާން ދުވެފައި ގެއަށްވަނެވެ.

ރަޔާން ސިޓިންރޫމު ދޮރުމަތީހުއްޓުނެވެ. ނާދިއާ އާއި ޒޯޔާ ރޯތަންފެނިފައެވެ. މަލާކް އާއި މިޝްކާ އަވަސްއަވަހަށް އަލިމަނިކަށް ބަލާލިއެވެ. ވެގެންއުޅޭ ގޮތެއް އޮޅުން ފިލުވަމަށެވެ. އަލިމަނިކު ބޯހޫރުވަލުމަށްފަހު ތެދުވިއެވެ. އެތަނުގައި މަލާކްއިށީނެވެ. “މަންމާ ދެން ހުއްޓާލާ، މަންމަ ތިގޮތަށް ރުއީމަށް ޒޯޔާއަށް ހިތްވަރުދޭނީ ކާކު، ތީ އަހަރުމެން ހުރިހާ ކުދިންގެ މަންމައެއްނު، މަންމާ، އަހަރުމެން ހުރިހާ ކުދިން މިތިބީ ޒޯޔާ އާއިއެކުގައެންނު………ދެން ހުއްޓާލާ….” މަލާކް ނާދިއާގެ އަތުގައި ހިފާލިއެވެ.

“އެހާ ނުބައިވާކަށް ނުވާނެދޯ، ދަރިއެކޭ ބުނަންވެސް ލަދުގަނޭ………..” ނާދިއާ ލޯފޮހެލަމުން ބުނެލިއެވެ. އަލިމަނިކު ރަޔާން ގޮވައިގެން މަލާކްގެ ކޮޓަރިއަށްވަނެވެ. މިޝްކާގެ ގައިގާ ހިފަހައްޓާލައިގެން އިނދެ ރޮމުންދިޔަ ޒޯޔާގެ ބޮލުގައި ނާދިއާ ފިރުމާލިއެވެ. “ދަރިފުޅާ ދެން ދެރަނުވޭ، މިމަންމަ ދަރިފުޅަށް ދެރައެއްލިބުނަކަށް ނުދޭނަން، އާ ހިތްވަރަކާއެކު ދުނިޔެއަށް ކުރިމަތިލާ……..މީކުރިމަތިވި އިމްތިހާނެއް ކަމަށް ހީކުރޭ” ނާދިއާ ހަމަޖެހިލަމުން ބުނެލިއެވެ.

“ޝާހިޤު، ކޮންތާކު، ހާދަވަރަކަށް ގުޅައިފީމޭ” ނައުރީން ބުނެލިއެވެ. “ހޫމް…..އިރުކޮޅަކުން އެބަދަން” ޝާހިޤު ބުނެލިއެވެ. ހެންވޭރު ކާނިވާ ތެރޭއިން ޑޯލްފިން ރެސްޓޯރެންޓްގެ މަތީގައި އިން ޝާހިޤު އޭނަގެ ބޮލުގައި އިރުއިރުކޮޅާ އަތްހާކާލައެވެ.

“ނީޑް އެނީތިންގ ސާރ” ކައިރީގައި ހުއްޓުނު ވެއިޓަރެއް އަހާލިއެވެ. “ވަން މޯ ކޮފީ…….” ޝާހިޤު ބުނެލިއެވެ. އޭނަ އެތާ އިންނަތާ ދެގަޑިއިރުވަނީއެވެ. މޫދާ ދިމާލަށް ބަލަހައްޓައިގެން އިންއިރު ތޮށިގަނޑުމައްޗަށް ޖަހާރާޅު ހީވަނީ އެހިސާބަށްވެސް އައިސްދާނެހެންނެވެ. ފުން ހިޔާލަކަށް ގެއްލިފައި އިންދާ އަނެއްކާވެސް ނައުރީން ގުޅިއެވެ. ފޯނު ބިޒީކޮށްލަމުން ރާޅުތަކުގެ ތެރެއަށް ގެބިގެންދިޔައެވެ.

އިރުއޮއްސުނު ފަހުން ޝާހިޤު އައިސް ވަތްތަން ފެނުމުން ނައުރީން ޝަކުވާކުރިއެވެ. އޭނަގެ ފޯނު ނުނަގާ ކީއްތޯ ކުރީ ސުވާލުކުރަންފެށިއެވެ. “ހޫމް……..ދެން އޯކޭ ޝާހިޤު ތިހެން އެއްޗެއް ނުބުނެ ހުރެބަލަ، އަހަންނަށް އެނގޭ ތިއައީ އެޒޯޔާގެ ތަންމަތި ހޫނުކޮށްފަކަން، ވަރަށް ފޫހިވޭ……ޝާހިޤު އަދިވެސް ލޯބިވަނީ ޒޯޔާދެކެދޯ، އެހެންވީމަތާ ފޯނުވެސް ނުނެގީ…….އަހަރެން ކަންބޮޑުވެ ދެރަވާނެ ވަރު ޝާހިޤަށް ނޭގޭތަ…ގުޅުނީ ކިތަށްފަހަރު ކަމެއްވެސް ނޭގޭ” ނައުރީން އަނގަހުއްޓާނުލައެވެ. ޝާހިޤު ނައުރީންގެނެސް އޭނަގެ އަތުގެ ތެރެއަށް ލިޔެވެ.

“ނައު، އަހަރެން ޒޯޔާ ކައިރިއަކަށް ނުދަމޭ، ވަރިކޮށްފަ ދެން އޭނަގެ ކައިރިއަށް ކީއްކުރަން ދާންވީ، މިއައީ ލެޕްޓޮޕް ހިފައިގެން އޮފީހަށްޖައްސާލާފަ. އަހަރެން ލޯބިވަނީ ނައުދެކެއޭ، އެހެންވެ އެންނު މިއައީ ހުރިހާ އެއްޗެއް ދޫކޮށްލާފަ” ޝާހިޤު މަޑުމައިތިރިކަމާއެކު ބުނެލިއެވެ. ނައުރީން އެހެން ބުނުމުން ޝާހިޤުގެ ގަމީހާ އޭނަގެ ކަރުދޮށާ ތަންތަނުން ވަސްބަލަންފެށިއެވެ. ޝާހިޤު ގާތަށް ކުޑަކޮށް ހިނިވެސް އައެވެ.

“އިނގޭތަ އަހަރެންގެ ބެސްޓު ފްރެންޑުވެސް މެރީކުރަނީ…..އަސްލު އެހާވަރަށް ގުޅީ އެމީހުން ޝާހިޤު އާއި މީޓުކޮށްދޭންވެގެން………” ނައުރީން ހިތްހަމަޖެހޭވަރު ވުމުން ބުނެލިއެވެ. “އެއީ ކާކު………” ޝާހިޤު އެއްޗެހި ބަދަލް ކުރަމުން ބުނެލިއެވެ. “ޖުމާގެ ވާހަކަ ބުނީމެންނު، އޯ……….ހަނދާންނެތުނީދޯ، މިއޮތީ ކާޑު ގެނެސްދީފަ، ދާންވާނެއެއްނު…..މިރޭ ހެދުމެއްވެސް ހޯދަން ނުކުންނަންވާނެ ދޯ” ނައުރީން އުނަގަނޑުގައި ދެއަތްއަޅުވާލަމުން ބުނެލިއެވެ. ޝާހިޤު ހޫ ލައްވާލަމުން ފާހާނާއަށް ވަނެވެ.

އާދުވަހަކަށް އިރުއެރިއެވެ. ޒޯޔާ ކޮޓަރިތެރެ ސާފުކުރަމުންދިޔައެވެ. އެއްޗެހިތަށް ތަރުތީބުކުރިއެވެ. އަދި ދާވަށީގައި ހުރި އެއްޗެހި ދޮންނަން މެޝިނަށް އެޅިއެވެ. އެނދުގެ ބެޓްޝީޓު ބަދަލް ކޮށްލިއެވެ. ޒޯޔާވެސް ހުރީ ފެންވަރާ ތާޒާވެލައިގެންނެވެ. މުޅިހިތް ޒަހަމްވެ ކުދިކުދިވެފައިވާ ހާލު އޭނަ ކެތްތެރިވީއެވެ. ބަނޑުގައިވާ ދަރިންނަށްޓަކައެވެ. ލޮލުގައި ޖަމާވާ ކަރުނަތަށް ފޮހެމުން އޭނަ ދުނިޔެއާ ކުރިމަތިލާށެވެ. އޭނަގެ ތަޤްދީރާމެދު ޝުކުރުވެރިވާހާލުގައެވެ. އެނޫންގޮތެއް މިއަދުނެތްކަން އެނގޭތީއެވެ.

ހެދުނު ސައިބޯން ގޭގައި ތިބި އެންމެން ކާމޭޒުދޮށަށް އެރިއިރު އިއްޔެގެ ކަންތައް ނޭގޭ މީހަކުނެތެވެ. އެހެންވެ އެކަކަވެސް ޒޯޔާ ކާމޭޒުކައިރިއަށް ނެރޭކަށް ނުކެރުނެވެ. އޭރުން ޝާހިޤުމަތިން ހަނދާންވެ ޒޯޔާ މާ ދެރަވާނެކަން އެނގޭތީއެވެ. އެކަމަކު ޝާރިޤަށް ޒޯޔާ ފެނިނުލާ ހިތްހަމައެއް ނުޖެހުނެވެ. އޭނައަށް ޒޯޔާ ވަރިކުރިރޭގެ ފަހުން އަދި ނުފެނެއެވެ. އެހިތް ޒޯޔާ ދެކިލާހިތުން ތެޅިފޮޅެނީއެވެ.

“ކޮންތާކަށް” ޝާރިޤު ތެދުވުމުން ޝާމިން އަހާލިއެވެ. “ޒޯޔާ ބަލާ…..” ޝާރިޤު ބުނެލިއެވެ. މިޝްކާ އެހިޔާލަށް ތާއިދުކުރިއެވެ. އޭނަވެސް ބަނޑާއެކު ކުރިން އުޅޭ ހަލުވިކަމަކު ނޫޅެވެއެވެ. އެހެންނޫންނަމަ މިއަދު ޒޯޔާ އެކަނިވިޔަކަ ނުދޭނެއެވެ. ޝާރިޤު ގޮސް ޒޯޔާގެ ކޮޓަރީގައި ޓަކިޖެހިއެވެ. ހުޅުވާނެކަމުގެ އެއްވެސް އުއްމީދެއް ނެތިއެވެ. ދެފަހަރަކު ޓަކި ޖަހާލުމަށްފަހު ތަޅުގައި ހިފާލަމުން ޒޯޔާއަށް ގޮވާލިއެވެ. ތަޅުނުލާ ހުރުމުން ދޮރު ހުޅުވިގެން ދިޔައެވެ.

އެތެރެއަށް ވަތް ޝާރިޤަށް ސިހުމެއް ލިބުނީ ފާހާނާއިން ނުކުތް ޒޯޔާ ފެނުމުންނެވެ. ޒޯޔާ ހިނިތުންވެލަން މަސައްކަތް ކުރިއެވެ. “ކަމަކުތަ…………” ޒޯޔާ އަހާލިއެވެ. ޝާރިޤު ހިނުތުންވެލިއެވެ. އޭނައަށް ޒޯޔާ ފެނުމުން ހިތަށް ފިނިކަމެއް ލިބުނެވެ. އެކަމަކު ދެރަވެސް ވިޔެވެ. ޒޯޔާއެކޭ މަރުވެފައިވާ މީހެކޭއެއްފަދައެވެ. މީހާގެ މޫނުމަތީ އެއްވެސް ރޫހެއްނެތެވެ. ހިނިތުންވުމުގައިވެސް އުޖާލާކަމެއްނެތެވެ. “އާދޭ ސައިބޯން……….” ޝާރިޤު ބުނެލިއެވެ. ޒޯޔާ ނޫނެކޭ ބުނެފާނެތީ ޝާރިޤު ކޮޓަރިއަށްވަދެ ޒޯޔާގެ ކޮޑުގައި އަތްއަޅުވާލިއެވެ. “ސައިބޯންވާނެ، ކައިގެންނު ބޭބީ ގެ ހެލްތު ރަގަޅުވާނީ……….” ޝާރިޤު ޒޯޔާ ގޮވައިގެން ކޮޓަރިން ބޭރަށް ހިނގައިގަތެވެ. ޒޯޔާއަށްވެސް ދެކޮޅުހަދާކަށް ނުކެރުނެވެ.

ޒޯޔާ ފެނުމުން އެންމެންގެ މޫނުތަށް އުޖާލާވެގެން ދިޔައެވެ. އަވަހަށް އަންނާށޭ ބުންޏެވެ. އެންމެންގެ ލޯތްބާ އޯގާތެރިކަން ޒޯޔާއަށް ވެހެމުންތިޔަ ވާރޭއެކޭ އެއްފަދައިން ލިބެމުންދިޔައެވެ. އެކަމަކުވެސް އޭނަގެ ހިތަށް ޝިފާއެއް ނުލިބެއެވެ. އެހިތްވަނީ މަރުވެފައެވެ. ދެން ދުވަހަކުވެސް އެހިތަށް ދިރުމެއްލިބޭނޭ ކަމަށް ޒޯޔާ އުއްމީދެއް ނުކުރެއެވެ. އެންމެންނަށް ވުރެ ގާތްކަމެއް ޝާރިޤު ބަހައްޓަމުން ދިޔައެވެ. އެކަމެއް ހުދު ޒޯޔާއަކަށްވެސް ފާހަގައެއް ނުކުރެވުނެވެ.

ހަވީރު އޮފީސް ނިންމާލުމާއެކު ޝާރިޤު މިސްރާބުޖެހީ ގެއާދިމާލަށެވެ. ދިޔަ މަގުމަތީ އޭނަ ސޯސަންމަގު އަގޯރާއަށް ވަނެވެ. ގެއަށް ވަތްއިރު ރަޔާން ބޯޅައެއް ހިފައިގެން ދޮރާ ސިޓިންރޫމާ ދޭތެރޭ އޮންނަ ހުސްތަންކޮޅުގައި އުޅެއެވެ. ވަންގޮތަށްވަދެ ރަޔާންގެ ބޮލާކުޅެލިއެވެ. “ދެން……………ކޮއްކޮ ބޯ ހަޑިވީ…” ރަޔާން އިސްތަށިގަނޑު ރީތިކޮށްލަމުން ބުނެލިއެވެ. އަދި ޝާރިޤުގެ ފަހަތުން ގޭތެރެއަށްވަނެވެ. “ކޮއްކޮއަށް ގެނައިންތަ ޓުވިސްއެއް” ރަޔާން އަހާލިއެވެ. ޝާރިޤު ރަޔާން އާއި ސަކަރާތް ޖަހާލަމުން އޭނަ ގެނައި ކޮތަޅުން ޓުވިސްޓު ޗޮކްލެޓެއްނަގާ ރަޔާންއަށް ދިނެވެ. “ކޮބާ ޑެޑީއަށް…………” އެވަގުތު ވަދެގެން އައި ޝާމިން ބުނެލިއެވެ.

ޝާމިންއާއެކު ރަޔާން ކޮޓަރިއަށް ވަނުމުން ޝާރިޤުވެސް ހިނގައިގަތީ އޭނަގެ ކޮޓަރިއަށް ވަންނަންށެވެ. އޭގެ ކުރިން އޭނަ ޒޯޔާގެ ކޮޓަރީގައި ޓަކިޖެހިއެވެ.

އެނދުގެ ހުރަހަށް އޮށޯވެލައިގެން އޮތް ޒޯޔާގެ ސިކުނޑިއަށް އެތަކެއް އެއްޗެއް އަރަމުންދިޔައިރު، އޭނަގެ ލޮލުން ފައިބާ ކަރުނަތަކުން ބާލީހުގެ ކަން ކޮންމެވެސް ވަރަކަށް ތެމެމުންދިޔައެވެ. އިރުއިރުކޮޅާ ކައިރީގައި އޮތް ފޮޓޯ ފްރޭމްގައި އަތްހަކާލައެވެ. އަދި ލޯފޮހެލައެވެ. އޭގައިވަނީ ޝާހިޤު އާއި ޒޯޔާ ކައިވެނި ހެދުމުގައި ނަގާފައިވާ ފޮޓޮއެކެވެ. އަދިވެސް އެހިތުގައި ޝާހިޤަށްޓަކާ ވާލޯތްބަށް ބަދަލެއްނާދެއެވެ. އެހިތުގެ ފުންމިނުގައި ޝާހިޤުގެ ނަން ރަންއަކުރުންލިޔެލީ ދުވަހަކުވެސް ފުހެވިގެން ނުދާނޭފަދަ ގޮތަކަށެވެ. ވީއިރު އޭނައަށް ޝާހިޤުމަތިން ހަނދާންނައްތާލެވޭނީ ކިހިނެތްހެއްޔެވެ. އެހެނީ އޭނަ ކައްވަޅާ ހަމަޔަށް ދާންދެން ހޯދަން އެދޭ ލޯތްބަކީ އެއީއެވެ. އެލޯބީގައި ޒޯޔާގެ ހަޔާތް ވީރާނާވެގެން ހިނގައިދާނެކަމެއް އެއްފަހަރުވެސް އެހިތަކަށް ނާރައެވެ. އެންމެ ފަހުނޭވާވެސް ދޫކޮށްލަން އެދެނީ އެއަތުގެ ތެރޭއޮވެއެވެ.

ޒޯޔާ އަށް އޭނަގެ ކޮޓަރީގެ ދޮރުގައި މީހަކު ޓަކިޖެހިއަޑު އިވުނެވެ. ދެލޯފޮހެލަމުން އަވަހަށް ތެދުވިއެވެ. އެގަޑީގައި އައިކާކުބާއޭ ޒޯޔާގެ ހިތަށްއެރިއެވެ. އޭނަގެ އިސްތަށިގަނޑާ މޫނު ރީތިކޮށްލަމުން ގޮސް ދޮރުހުޅުވާލިއެވެ. ކުރިމަތީ ހުރީ ޝާރިގެއެވެ.

“ނިދަނީތަ؟” ޝާރިޤު އަހާލިއެވެ. “ކަމަކުތަ…………” ޒޯޔާ އަހާލީ ހެދުނުވެސް އަހާލިގޮތަށެވެ. ޝާރިޤަށް ޒޯޔާގެ ދެލޯ ފެނުމާއެކު އޭނައަށް ޒޯޔާ ރޮނީކަން އެނގުނެވެ. “އާދެބަލަ ބޭރަށް، އަހަރެން މިއައީ ޒޯއަށް އެއްޗެއް ހިފައިގެންނޭ…..” ޝާރިޤު ބޭނުންވީ ޒޯޔާގެ ސަމާލުކަން ހޯދާށެވެ. އޭރުން ކުޑަހިނދުކޮޅަކަށްވެސް ޒޯޔާގެ ހިތަށް ފިނިކަމެއް ލިބިދާނެއޭ ހިތާއެވެ. ޝާރިޤު ދޮރުގެ ތަޅުގައި ހިފަހައްޓާލައިގެން ހުރި ޒޯޔާގެ އަތުގައި ހިފާލެވުނީ އެއްވެސް އިޙްތިޔާރަކާނުލައެވެ. ޒޯޔާ ގޮވައިގެން ހިނގައިގަތުމަށެވެ.

ޒޯޔާއަށް ޝާރިޤުގެ އަތްތިލާގެ ތެރެއިން އަތްދަމައިގަނެވުނެވެ. ޝާރިޤު ހައިރާންވެފަ ޒޯޔާއަށް ބަލާލެވުނެވެ. އޭނައަށް އިހްސާސްވީ ދެނެވެ. އޭނައަށް ޒޯޔާއަށް ކަންތައްމިކުރެވެނީ މާގާތްކޮށްކަމެވެ. ޒޯޔާ އެކަމާ ހިތްހަމަ ނުޖެހުނިއްޏޭ ހިތާ ސޮރީއޭ ބުނެލިއެވެ. އޭނަ ޒޯޔާ ނުރުހޭކަމެއް ކުރާކަށް ބޭނުމެއްނޫނެވެ. ހަމައެވަގުތު ޒޯޔާވެސް އެހެންކަންތައް ކުރެވުމުން ސޮރީއޭ ބުނެލިއެވެ. ޝާރިޤު ހިނިތުންވެލިއެވެ. ޒޯޔާ ކޮޓަރިން ނުކުމެ ޝާރިޤުގެ ފަހަތުން ހިނގައިގަތެވެ.

ޒޯޔާ ޝާރިޤުގެ ފޯނު ކޯލުތައްމަތިން ހަނދާނެއް ނުނެތެއެވެ. އޭނަ ޝާރިޤު ދެއްކި ހުރިހާ ވާހަކައެއް ހަނދާން އެބަހުރިއެވެ. އޭރު އެގޮތަށް ޒޯޔާއަށް ވާހަކަދެއްކުނީ އެއީ ޝާރިޤުކަމަށް ހީކޮށެއްނޫނެވެ. އެކަން އެނގުނުނަމަ އޭނަ ޝާރިޤާ ވާހަކައެއް ނުދައްކާނެއެވެ. ޝާރިޤު އެހެން އެއުޅެނީ ކީއްވަބާއޭ ޒޯޔާގެ ހިތަށްއަރައެވެ. ޒޯޔާ އެގޭގައި އުޅެންފެށި ދުވަހުންފެށިގެން އޭނައާއި ޝާރިޤު އެގޮތަށް އިސްނަގާ ވާހަކަދައްކައެއް ނޫޅެއެވެ. އެކަމަކު އެންމެން އެއްކޮށް ބައިވެރިވާ ކަމެއްގައި އޭނަވެސް ބައިވެރިވެ ސަކަރާތްޖަހާ ހަދާތަން ފެނެއެވެ. މިއަދު ޝާރިޤު ޒޯޔާއާއި ދޭތެރޭ އެވަނީ ހަމްދަރުދީ ކަމުގައި ވާނަމަ، ޒޯޔާ ޝާރިޤުގެ ހަމްދަރުދީއެއް ބޭނުމެއް ނޫނެވެ. އެހެނީ އެކަކުވެސް އޭނައަށް ހަމްދަރުދީ ވާކަށް ބޭނުމެއްނުވެއެވެ.

ޝާރިޤު ކާމޭޒު ކައިރީ ހުއްޓެމުން އޭނަގެ އަތުގައިވާ ކޮތަޅު ޒޯޔާއަށް ދިއްކޮއްލިއެވެ. “އަން މިއޮތީ، ޒޯޔާ ރަގަޅު ކާއެއްޗެހި ބޭނުން ކުރަންވާނެ އެއްނު، އެހެންވެ ގެނެސްދިން އެއްޗެއްމީ……..އަހަރެން ހީކުރަން ޒޯޔާ ގަބޫލުކުރާނެ ކަމަށް” ޝާރިޤު ޒޯޔާ ކޮތަޅުގައި ހިފުމުން ބުނެލިއެވެ. އެވަގުތު ތައްޓެއް ހިފައިގެން އައި މިޝްކާއަށް މިމަންޒަރު ފެނުނެވެ. “ޝާރިޤު ކޮބާ މިޝްތައަށް؟” މިޝްކާ މިހެން ބުނެލުމުން ޒޯޔާ ހިނިތުންވެލިއެވެ. “މީ މިޝްތައަށާ ޒޯއަށާ ދެމީހުންނަށްވީ……” ޒޯޔާގެ ގާތަށް އައިސް ހުއްޓުނު މިޝްކާއަށް ބުނެލިއެވެ. އަދި ޝާރިޤަށް ބަލާލުމުން އޭނަވެސް އެކަމާ އެއްބަސްވިއެވެ. އަދި މިޝްކާގާތު ނާދިއާއަށް ގޮވާލަދޭން އެދުނެވެ.

ނާދިއާ ބަދިގެފަރާތަށް އަންނަން ވާއިރަށް ޝާރިޤު ދިޔައީ އެއްޗެހި ބަދަލު ކޮށްލާށެވެ. “ދަރިފުޅު ކީއްތިކުރަނީ….” ޒޯޔާ ޝާރިޤު ދިން ކޮތަޅުގައި ހުރި މޭވާ އާއި ޖޫސްޕެކެޓުތައް އައިސްއަލަމާރިއަށް ލާތަން ފެނިފައި ނާދިއާ އަހާލިއެވެ. “ޝާރިޤު ގެނައި އެއްޗެހި އަލަމާރިއަށް ލަނީ…ހީވަނީ ޝާރިޤު ކާންވެގެން ކަންނޭގެ މަންމައަށް އެގޮވަނީ” ޒޯޔާ ނާދިއާއަށް ބަލާލަމުން ބުނެލިއެވެ. “ހޫމް، އެނގުނޭ މިގަޑީގަ އައިސް ގޮވާނީ ކާންވެގެން ކަން” ނާދިއާ ޝާރިޤަށް ކާން ތައްޔާރުކުރަން އުޅެމުން ބުނެލިއެވެ.

ސިޓިންގ ރޫމުގައި އިށީނދެލައިގެން އިން ޒޯޔާ ޓީވީ ރިމޯޓުން ފަހަރަކު ޗެނެލަކަށް ބަދަލުކޮށްކޮށް އިނެވެ. “ކަމުދާ ޗެނެލެއް ނެތީތަ” ކޮޓަރިން ނުކުތް މަލާކަށް ޒޯޔާ ފެނުމުން އަހާލިއެވެ. އެވަގުތު ރަޔާން ދުވެފައި އައިސް ޒޯޔާގެ އުނގުގެ ތެރެއަށްވަދެ ބަނޑުގައި ބައްދާލިއެވެ. “ދަރިފުޅާ، އެހާބަރަށް ޒޯދައްތަގެ ބަނޑުގައި ނުވާނެ ޖެހޭކަށް، އޭރުން ޒޯތައްގެ ބޭބީއަށް ތަދުވެދާނެ އެއްނު” މަލާކްއަށް އެމަންޒަރު ފެނުމުން ރަޔާން ދުރަށްލަމުން ބުނެލިއެވެ. “މަންމީ، ޒޯއްތަ ބޭބީއަށް ކޮއްކޮ ފެންނާނެތަ؟” ރަޔާން ކުރި ސުވާލުން ޒޯޔާއަށާއި މަލާކަށް ހެވުނެވެ. އަދި މަލާކް ރަޔާންއަށް ޖަވާބުދިނެވެ. އޭނައަށް ވިސްނޭފަދަ ގޮތަކަށެވެ.

“ކޮބާތަ މާމަ ދަރިފުޅު، މާމައަށް އެބައަޑުއިވޭ……….” ނާދިއާ ސިޓިންރޫމަށް އައިއިރު ރަޔާންގެ އަޑުއިވިފައި ބުނެލިއެވެ. އެއަޑަށް ރަޔާން ފިލަން ދުއްވައިގަތެވެ. ނާދިއާ އައިސް ދޮރުފަހަތުގައި ހުރި ރަޔާން ނަގާ އުރާލިއެވެ.

ޒޯޔާ އެމަންޒަރުތައް ބަލަންއިންއިރު އޭނަގެ ތުންފަތަށް ފަނޑުހިނިތުންވުމެއް ވެރިވެފައި ވެއެވެ. ނާދިއާފަދަ މަންމައެއް އޭނައަށް ނުލިބޭނެއޭ ޒޯޔާގެ ހިތަށްއެރިއެވެ. މިޒަމާނުގައި ޅީދަރިއެއްދެކެ އެފަދަ ލޯތްބެއްވާނީ ކޮން މަންމައެއް ހެއްޔެވެ. އަމިއްލަ ބަނޑުން ވިހޭ ދަރިފުޅު ޅީދަރިއަކަށްޓަކާ ގޭންބޭރުކުރާނީ ކޮން މަންމައެއް ހެއްޔެވެ. ޒޯޔާގެ ހިތުގައި ނާދިއާއަށް ދެވިފައިވާ މަގާމާ ލޯބި އިތުރުވެގެން ދިޔައެވެ.

“ދަރިފުޅު މިހާރު ކިހިނެތްތައް؟” ނާދިއާ ޒޯޔާގެ ކައިރީ އިށީނދެ ޒޯޔާގެ ބުރަކަށީގައި ފިރުމާލަމުން އަހާލިއެވެ. “ރަގަޅު…….” ޒޯޔާ ބޮޑަށް ހިނިތުންވެލަން މަސައްކަތްކުރަމުން ބުނެލިއެވެ. އޭރު މަލާކް ރަޔާން ގެ ފަހަތުން އުޅެއެވެ.

“މަންމައަށް އެނގޭ ޒޯތިހެން ތިބުނީ ހުރިހާ ކަމެއް ރަގަޅުވެގެން ނޫންކަން، ބަލާ ޒޯގެ ދެފައި، ނިކަން ސޯފަގައި ދެފައިދަމާލައިގެން އިނދެބަލަ…..އޭރުން ތިދުޅަ ކޮންމެވެސް ވަރަކަށް ތިރިވާނެއެންނު” ނާދިއާ ބުނެލިއެވެ. ޒޯޔާ ދެފައިނަގައި ސޯފާގައި ދަމާލިއެވެ. އެވަގުތު ނާދިއާ ޒޯޔާގެ ދެފައި ހިއްލާލާފައި އޭނަގެ އުނގުގައި ބާއްވާލިއެވެ. “މަންމަ ވަރަށް ވަރަށް ދެރަވޭ މިއަދު ޒޯއަށް އަޅާލަން ޝާހިޤު ކައިރީގަ ނެތީމަ، ވަކިން ބޮޑަށް ދެރަވަނީ މަންމައަށް ކޮއްދެވޭނެ ކަމެއް އެކަމުގައިނެތީމަ، މަންމައަށް އެނގޭ އަދި އިހްސާސްވެސް ކުރެވޭ ފިރިމީހާގެ އަޅާލުމާ ލޯތްބާ ނުލިބި އެޅެންޖެހުނީމަ ހިތުގައި އަޅާނެ ވޭން…………ދަރިފުޅަށް އެނގޭތަ، މަންމަގެ އެންމެ ދޮށީދަރިފުޅު ޝާމިންއަކީ ޝާހިޤުގެ ބައްޕަގެ ދަރިއެއްނޫން” ނާދިއާ ޒޯޔާގެ ފައިތިލާގައި ފިރުމަމުން ދިޔައެވެ. ޒޯޔާއަށް އެވާހަކަ އަޑުއިވުމުން ލިބުނީ ޝޮކެކެވެ. އޭނަ މިގެއަށް އައިދުވަހުން ފެށިގެންވެސް ގޭގެ ދޮށީ ކުއްޖާގެ މަގާމުގައި ހުންނަނީ ޝާމިންނެވެ. އަލިމަނިކުވެސް ދެކެނީ އެގޮތަށެވެ.

“އާ ދަރިފުޅާ، މީ މަންމަގެ ފުރަތަމަ ކައިވެންޏެއް ނޫން، މަންމަގެވެސް ފުރަތަމަ ކައިވެނި ކުރެވުނު ދުވަހު ހިތަށްއެރި ދުވަހަކުވެސް ދެން ދެމީހުން ވަކިނުވާނެއޭ، އެހާވެސް ލޯބިން ދެމީހުން ދިރިއުޅުންފެއްޓީ، ޝާމިންގެ ބައްޕަ ނަޒީރު އޭރު މަންމަދެކެ ވަރަށް ލޯބިވި، އެކަމަކު އެއުފާވެރިކަމާ ލޯބިވީ ކުޑަދުވަސްކޮޅެއްގެ ކަމަކަށް، އިންތާ މާގިނަދުވަހެއް ނުވެ މަންމަ ޝާމިންއަށް ބަލިވެ އިނީ، އޭރު ނަޒީރު އަދި ކުއްޖަކު ބޭނުމެއްނޫން…….މަންމައަށް ނަޒީރު ބޭނުންވިގޮތް ހަދާކަށް ނުކެރުނު………އޭގެފަހުން ނަޒީރުގެ ފަރާތުން ކުދިކުދި އަނިޔާތައް ލިބެންފެށި، ނަޒީރު މަންމަގެ ކުރިމަތީ ގެއަށް ހިލޭއަންހެނުން ވައްދަންފެށީ، މަންމަގެ ކުރިމަތީ އެމީހުންނާއެކު ހިތަށްއެރިހާ ގޮތަކަށް އުޅެމުންދިޔައީ، ހިތަށް ކެތްނުކުރެވިގެން ކިތަންމެ ފަހަރަކު ގެއިން ނުކުމެގެން ދަން…….އެގޮތަށް ނުކުމެގެން ގޮސް ދައްތަ ގާތުހުރި ފަހަރެއްގަ، ނަޒީރު އެގެއަށްއައިސް ވަރަށް އެއްޗެހިގޮވާފަ، ދައްތައަށްވެސް ހަޑިހުތުރު އެއްޗެހިގޮވާފަ އެވަރުން ނުފުދިގެން ދަމުން ދިޔައީ ވަރިވެސް ކޮށްފަ……..އެދުވަހު މަންމަގެ ހިތަށްއެރި މަންމައަކަށް ޝާމިންގޮވައިގެން ނޫޅެވޭނެއޭ، މަންމަ އެކަނިވެ ބާކީވިއްޔޭ……….އެކަމަކު……..އެކަމަކު ޝާހިޤު ބައްޕަ މަންމަގެ ދިރިއުޅުމަށް އައުމުން ހުރިހާ ކަމެއް ބަދަލްވި، މަންމަ ޝާހިޤުގެ ބައްޕައާއި އިނީ ޝާމިންލިބިގެން އޭނައަށް ހަމަސްވިފަހުން………އިނީ ލޯބިންނެއްނޫން، އެކަމަކު މަޑުމަޑުން އަލިމަނިކުގެ އޯގާތެރިކަމަށް މަންމަގެ ހިތްވެސް ލެނބުނީ……އެއީ މާތްމީހެއް….މަންމައަށް އޭނަގެ ފަރާތުން ލޯތްބާ އޯގާތެރިކަން ނޫންއެއްޗެއް ނުލިބޭ، މަންމައާއި ކައިވެނި ކުރިދުވަހު މަންމަގެ ގާތުގައި ބުނި، ޝާމިންއަކީ އަހަރުމެން ދެމީހުންގެ ދޮށީދަރިފުޅޭ، އޭގެ ފަހުން ގޭތެރޭގައި އެއްވެސް ކުއްޖަކު ޝާމިންއަކީ އެމީހުންގެ ބައްޕަގެ ދަރިއެއް ނޫންކަމުގައެއް ނުދެކޭ، އެމީހުންވެސް ލޯބިވަނީ އެއްބަނޑުއެއްބަފާ ކުއްޖެއް ގޮތަށް…………..އެއީ އަލިމަނިކުގެ އޯގާތެރިކަން……..” ނާދިއާ އޭނަގެ ލޮލުން ކަރުނަތައް ފޮހެލިއެވެ. ކައިރީގައި އެވާހަކަ އަޑުއަހަން އިން މަލާކް އޭނަގެ ލޯވެސް ފޮހެލިއެވެ.

“މަންމަ ގަބޫލުކުރާގޮތުގައި ޒޯޔާއަށްޓަކައިވެސް އެފަދަ މާތް މީހަކު ހުންނާނެ، އަދި އޭނައާއި ދިމާވާނެ………މަންމަ މާތްރަސްކަލާނގެ ކިބަފުޅަށް ދުޢާ ކުރަން، ދަރިފުޅަށް ރަގަޅު ދިރިއުޅުމެއް ދެއްވާތޯ، ރަގަޅު ފިރިއެއް ދެއްވާތޯ، އެމީހަކީ ޝާހިޤު ކަމުގައިވިޔަސް……….” ނާދިއާ އޯގާތެރިކަމާއެކު ޒޯޔާގެ ދެފައިގައި ބޮސްދިނެވެ. އެވަގުތު ޒޯޔާއަށް ނާދިއާގެ ކޮނޑުގައި ހިފަހައްޓާލެވުނެވެ. “ނޫން މަންމާ…….” ޒޯޔާއަށް ބުނެލެވުނެވެ.

“ދެން ޝާހިޤު އެކަހަލަ ކަންތައް ނުކޮށްބަލަ” ނައުރީން ހިތްހަމަ ނުޖެހިގެން ބުނެލިއެވެ. “ޝާހިޤު……..ނައު އެކަނި ދެން ނުވެސް އެޅުވޭނެ……….ޕްލީސް އަޅުވަދީބަލަ……..” ނައުރީން އޭނަ ލައިގެން ހުރި ހެދުމުގެ ފަހަތުޒިބު އަޅުވާދިނުމަށް އެދުނެވެ. ޝާހިޤު ހެމުން ހެމުން އައިސް ނައުރީންގެ ހެދުމުގެ ފަހަތުގައި އިން ޒިބު އަޅުވާލަދިނެވެ.

ރޭގަނޑުގެ ނުވައެއްޖަހާ ދިޔައީއެވެ. ނައުރީން ޖުމާގެ ކައިވެނި ޕާޓީއަށް ދިއުމަށްޓަކައި އަށެއްޖެހިއިރު ތައްޔާރުވާން ފަށައިފިއެވެ. “ނައުއަށް ޖުމާގެ ވެޑިންނަށް ދެވޭނެ ބާއޭ އަހަރެންގެ ހިތަށް އަރާ…..” ޝާހިޤު ލޯގަނޑު ކުރިމަތީހުރި ނައުރީންއަށް ބަލަން ހުރެ ބުނެލިއެވެ. “މި ނިމުނީއޭ………” ނައުރީން ދެފަރާތަކަށް އެނބުރިލަމުން ބުނެލިއެވެ. އަދި މިރެއަށް ހާއްސަކޮށް އެރުމަށްޓަކާ ގަނެފައިވާ ފައިވާނަށް އަރާލިއެވެ. ނައުރީންގެ ލޫޅާފަތި ހަށިގަނޑުގެ ސަބަބުން އޭނަމިރޭ ލާފައިވާ ހެދުމުގެ ރީތިކަން ފުރިހަމަވެގެން ދިޔައެވެ. އޭނަ އެހާވެސް ރީއްޗެވެ. މިރޭގެ ޕާޓީތެރޭ އޭނައަށް ބަލާނުލާނެ ފިރިހެނެއް ހުންނާނެ ހެނެއް ހިޔެއްނުވެއެވެ.

“ވާއު………ތީ ހަމަ ނައުތަ، އަނެއްކާ މިރޭ ނައު އަހަންނަށް ނުގެއްލެއްޗޭ……..” ޝާހިޤު ބުނެލިއެވެ. ނައުރީންނަށް ޝާހިޤު ބުނިއެއްޗެއް ސާފެއްނުވިއެވެ. “ލޯބީ……..މިރޭ ވަރަށް ވަރަށް ރީތި، ޔަގީން ފިރިހެނުންގެ ހިތްތައް ކަތިލަމުންކަން ދާނީ……ބިރުގަނޭ ގޮވައިގެން ބޭރަށް ނުކުންނަންވެސް” ޝާހިޤު ނައުރީންގެ ފަހަތުން ކައިރިވެލަމުން ބުނެލިއެވެ. ނައުރީން ކައިރިއަށް ހިނިއައެވެ. އަދި ބާރަށް ހޭންފެށިއެވެ.

“ސީރިއަސްކޮށް ހަމައެހާ ރީތިތަ؟” ނައުރީން ޖުމާއަށް ގެންދަން ތައްޔާރުކޮށްފައިވާ ޕާރުސަލް ނަގަމުން އަހާލިއެވެ. “ހޫމް…..ސޯ…ސޯ…….ބިއުޓިފުލް” ޝާހިޤު ހިނިއައިސްފައި ބުނެލިއެވެ. ނައުރީނަށް ޝާހިޤުގެ އެޖުމްލަ އަޑުއިވުމުން އަދިވަކިން ތުއިވެލިއެވެ.

ދަރުބާރުގޭގެ ބިއްލޫރި މާލަމްގައި މަޑު ނޫކުލައަކާއި ހުދުކުލައިގެ ކައިވެނި ހެދުމުގައި ޖުމާ އާއި އޭނަގެ އަލަތު ފިރިމީހާ ހަފްލާއަށް އަންނަ މެހެމާނުންނާއި ސަލާމް ކުރުމުގައި އުޅެއެވެ. ޖުމާއަށް ނައުރީން ފެނުމާއެކު އޭނަ އުފަލުން ފުރުނެވެ. “ޖުމް މިހުންނަނީ ނައު ނައިސްގެން، ހާދަ ލަހުންނޭ ތިއައީ” ޖުމާ ނައުރީން ސަލާމްކުރުމަށް ދިއްކޮށްލިއަތުގައި ހިފަމުން ބުނެލިއެވެ. “ޖުމް ވަރަށް ސަޅި އެނގޭ ވެޑިންޑްރެސް…….ޖުމް ކިޔާދިން ވަރަށްވުރެވެސް މާ ރީތި” ނައުރީން ޖުމާގެ ހެދުމަށް ބަލާލަމުން ބުނެލިއެވެ. އެވަގުތު ލޮލުގެ އިޝާރާތުން ނައުރީން ޝާހިޤު ދައްކާލިއެވެ. “އެއީތަ…….” ޖުމާއަށް އަހާލެވުނެވެ. “ހޫމް………ދެން ހަޒް އަށް އިންޓްރޮޑިއުސް  ކޮށްދީބަލަ…..” ނައުރީން ޖުމާގެ ފިރިމީހާއަށް ސަލާމްކުރުމަށް އަތްދިއްކޮށްލަމުން ބުނެލިއެވެ. “ޒޭން، މީ ނައު، ޔޫ ނޯ މައި ބެސްޓު ފްރެންޑު، ލަންކާގަ އުޅެއުޅެފަ ވަރަށް ފަހުން އައީ މާލެއަށް” ޖުމާ ބުނެލިއެވެ. އަދި ޝާހިޤަށް ސަލާމްކޮށްލަން އަތްދިއްކޮށްލިއެވެ. “ޖުމް، ޒޭން……..ހީސް މައި ޕާޓްނަރ” ނައުރީން ޖުމާމެން ދެމަފިރިންނަށް ޝާހިޤު ބުނެދިނެވެ. ޝާހިޤަށް ޒޭން ފެނުމުން ހިތްއަވަސްވާ ގޮތްވިއެވެ. އެކަމަކު އެއްވެސް އެއްޗެއް ނުބުނެ ސަލާމްކޮށްލުމަށްފަހު އެހެންމީހުންނަށް ތަންދެމުން ނައުރީންގެ އަތުގައި ހިފައިގެން ހިނގައިގަތެވެ.

ޒޭންއަށް ޝާހިޤު ނައުރީންއާއެކު ފެނުމުން ހައިރާންވިއެވެ. އެކަމަކު އޭނައަށްވެސް ޖުމާގާތު އެއްޗެއް އަހާލާނެ ފުރުސަތެއް ނުލިބުނެވެ. ވަންނަންމުންދާ މީހުންގެ ގިނަކަމުންނެވެ. ޒޭން އޭނަގެ ހިތުގައި އުފެދުނު ސުވާލުގެ ޖަވާބު ފަހުން ހޯދުމަށް ސިކުނޑީގެ ކަނަކަށް އެސުވާލުލިޔެވެ. އަދި ކުރިއެކޭވެސް އެއްގޮތަށް ޕާޓީއަށް އަންނަ މެހެމާނުންނާއި ސަލާމްކުރަމުންދިޔައެވެ.

ހަފްތާ ނިމިގެން ދިޔައިރު ޝާރިޤު ހީވެސް ނުކުރާވަރަށް ޒޯޔާއާއި އޭނަގެ ގުޅުން ރަގަޅުވެގެން ދިޔައެވެ. ސިޓިންގ ރޫމުގައި އޭނައާއި ވާހަކަދައްކާލަން ޒޯޔާ މަޑުކޮށްލާ ވަގުތުތައް ގިނަވިއެވެ. އެކަމަކުވެސް އަދިވެސް ޝާރިޤަށް ޒޯޔާގެ ހިތުގައިވަނީ ކީކޭކަމެއް ނޭގެއެވެ. އަދި އޭނަގެ ހިތުގައިވާ އެއްޗެއްވެސް ޒޯޔާއަށް ހާމައެއްނުކުރެއެވެ. އެނގޭހާވެސް އެއްޗަކީ ޒޯޔާ ޝާހިޤުގެ ވާހަކަދައްކާލެއް މަދުކަމެވެ. އެހެންނޫނީ އަބަދުވެސް ދައްކާނީ ޝާހިޤު އާއި އެއްކޮށް ހޭދަކުރި އުފާވެރި ދުވަސްތަކުގެ ވާހަކަތަކެވެ. އޭނަ އަދި އެނބުރި އަންނާނެ ވާހަކައެވެ. ޝާރިޤު އެހުރިހާ ވާހަކައެއް އަޑުއަހަނީ އޭނަގެ ހިތަށް ކެތްވާތީއެއްނޫނެވެ. ހަމައެކަނި އޭނަ ޒޯޔާދެކެވާ ލޯތްބައްޓަކައެވެ. އެވަގުތުކޮޅަށްވެސް އޭނަގެ ކުރިމަތީ ޒޯޔާއިންނާނެތީއެވެ. އޭނައަށް ޒޯޔާގެ ހިތްއަތުލުމަކީ އެހާ ފަސޭހަކަމެއް ނޫންކަން މާކުރިންވެސް އެނގެއެވެ. ނާދިއާއަށްވެސް ޝާރިޤު ޒޯޔާގެ ފަހަތުން މާގިނައިން އުޅޭކަން ވަނީ ފާހަގަކުރެވެން ފަށައިފައެވެ. އެކަމަކު އެދެމީހުންގެ މެދުގައި ގުޅުމެއް އުފެދިދާނެ ކަމާމެދު ހީކުރުމަކީވެސް ގޯހެއްކަމުގައި ނާދިއާދެކުނެވެ. އެހެންވެ އެކަމާ އެއްޗެއް ބުނާކަށް ނާދިއާ ބޭނުމެއްނޫނެވެ.

ޒޯޔާ ކޮޓަރިން ނުކުތީ ބަނޑަށް އުނދަގޫވާތި އެނދުގައި ނޯވެވިގެންނެވެ. އޭނަ ކާމޭޒުކައިރީ އިށީނދެ ފުންނޭވާއެއް ލިއެވެ. އަދި ބަނޑުގައި އިރުއިރުކޮޅާ ފިރުމާލައެވެ. އޭރު ގަނޑިން އެކެއް ޖަހަނީއެވެ. ގޭގެ އިތުރުމީހަކު ފެންނާކަށް ނެތެވެ. ޒޯޔާވެސް ބަނޑުގެ ރިހުން މާބޮޑުކަމަކަށް ނަހަދައެވެ. އެއީ ފަހަކަށް އައިސް ޒޯޔާގެ ބަނޑުގައި ދޭތެރެއަކުން ރިއްސާތީއެވެ. ޒޯޔާގެ ބަނޑަށް ނުވަމަސް ފުރެން އިނީ ދެތިންދުވަހެވެ. ޑޮކްޓަރު ޒޯޔާ ވިހާނެކަމަށް ބުނި ތާރީޚު އަދި ގާތްވެސް ނުވެއެވެ. ޒޯޔާ އައިސް އަލަމާރިން ފެންފުޅިއެއްނަގާ ތައްޓަކަށް ފެންއެޅިއެވެ.

އިނގިރޭސި ފިލްމެއް ބަލަން އޮތް ޝާރިޤު ހިކިކާނާ ކައިކައި ކަރުހިއްކައި ގަނެގެން ކޮޓަރިން ނުކުތީ ފެންފުޅިއެއް ބަލައެވެ. ލައިގެންހުރި ސޯޓާއެކީ ހިޔާލެއް ފިކުރެއްނެތި އެވަގުތު ބަދިގެ ފަރާތަށް ނުކުތް ޝާރިޤަށް ފަނޑުއަލިކަމުގެ ތެރޭ އެތަނުގައި މީހަކު އިންތަން ފެނިފައި ދިޔައީ ސިއްސައިގެންނެވެ. ޝާރިޤަށް ޒޯޔާގެ ބޮޑުވެފައިވާ ބަނޑުފެނުމުން އެއީ ޒޯޔާކަން ޔަގީންވިއެވެ. އޭނަ ޒޯޔާއަށް ބަލާލިއެވެ. “ޒޯ…..ކިހިނެތްވެފަ ތީނީ…….” ޝާރިޤު ޒޯޔާގެ ގާތަށް ޖެހިލަމުން އަހާލިއެވެ.

“ކަމެއްނުވޭ، ނިދިނާންނާތި ފެންފޮދެއް ބޯލަން ހަމައިނީ……..” ޒޯޔާ އޭނަގެ ބަނޑުގައި ރިއްސާވާހަކަ ޝާރިޤު ގާތު ބުނާކަށް ބޭނުމެއް ނުވިއެވެ. އެހެނީ ޝާރިޤަށް އެކަން އެގިއްޖެނަމަ ވަގުތުން ޑޮކްޓަރަށް ދާން ބުނާނެތީއެވެ. “އެކަމަކު ޒޯ އިން ގޮތުން ހީވަނީ ވަރަށް އުނދަގޫވެފަ އިންނަހެން……” ޝާރިޤު ކާމޭޒު މަތީހުރި ފެންފުޅިން ފެންތައްޓެއް އަޅަމުން ބުނެލިއެވެ. ޒޯޔާ އޭގެ ޖަވާބުގައި ހިނިތުންވެލިއެވެ. ” ޒޯ އަދި ނިދިނާންނަންޏާ އަންނަންވީނު އަހަންނާއެކު ފިލްމު ބަލަން” ޝާރިޤު ދައުވަތުއެރުވީ ޒޯޔާ ގަބޫލުނުކުރާނެކަން އެނގިހުރެއެވެ.

“ދަނީތަ……..”ޒޯޔާ ވަކި ޖަވާބެއް ނުދީ ތެދުވުމުން ޝާރިޤު އަހާލިއެވެ. “އާނ، ޝާރިޤު ދޭ ފިލުމު ބަލާލަން………އަހަރެން އަނެއްކާވެސް ނިދޭތޯ މަސައްކަތް ކޮއްލާނަން……..” ފަނޑު ހިނިތުންވުމަކާއެކު ޒޯޔާ ބުނެލިއެވެ. ޝާރިޤު ޒޯޔާ ދާކަށް ބޭނުމެއް ނޫނެވެ. އެހެންވެ އޭނަ ބަލަންއިން ފިލްމުވެސް މެދުކަނޑާލާފައި ޒޯޔާ އާއި ކުޑަކޮށް ވާހަކަދައްކަން މަޑުކޮށްލަން ހިތައްއެރިއެވެ. “ޒޯ…..އަހަންނަށް އެނގޭ ޒޯދިޔަޔަސް އަދި ނިދޭނީކީ ނޫންކަން، ވީމާ މިތާ މަޑުކޮށްލަބަލަ ވާހަކަދައްކާލަން……..” ޝާރިޤު ޒޯޔާ އިށިން ގޮނޑިއަށް އިޝާރާތްކޮށްލަމުން ބުނެލިއެވެ. ޒޯޔާ އެކަމާ ދެކޮޅެއް ނެހެދިއެވެ.

ދެމީހުން ގޮނޑީގައި އިށީނދެ ތިބިއިރުވެސް ދައްކާނެ ވާހަކައެއް ނޭގުނެވެ. ޝާރިޤު އިނީ ޒޯޔާ އެއްޗެއް ބުނޭތޯއެވެ. ޒޯޔާވެސް އިނީ ޝާރިޤު އެއްޗެއް ބުނާނެކަމަށެވެ. “ދެން ވާހަކައެއް ދައްކަބަލަ……..” ޝާރިޤަށް ނީދެވިގެން އެންމެފަހުން ބުނެލިއެވެ. “ކޮންވާހަކައެއް ދައްކަންވީ…….ޝާރިޤު ވާހަކައެއް ފައްޓަބަލަ” ޒޯޔާ ބުނެލިއެވެ. “ޒޯ ވާހަކައެއް ދައްކަބަލަ، އަހަރެން އަޑުއަހާނަން……….” ޝާރިޤު ބުނެލިއެވެ. އޭނަ ޒޯޔާކައިރީ ބުނަންބޭނުންވާ ކިތަންމެ އެއްޗެއް އެބަހުއްޓެވެ. ޒޯޔާ މިރޭ އޭނަގެ ގާތުގައި ކޮންމެ ސުވާލެއްކުރިއަސް ޖަވާބުދޭނެއެވެ. އޭނަ ބޭނުންވަނީ އޭނަގެ ހިތުގައިވާ އެއްޗެއް ޒޯޔާއަށް ކިޔާދޭށެވެ.

“ޒޯ ގާތު ވާހަކައެއް އަހަންތަ؟” ޝާރިޤު ވަރަށް ވިސްނަންއިނދެފައި އަހާލިއެވެ. “ހޫމް…..” ޒޯޔާ ހޫ ލައްވާލިއެވެ. “ޒޯ، ޕްރޮމިސްކުރޭ ދެރަނުވާނަންކަމަށް، އަހަރެން ކޮންމެ ވާހަކައެއްދެއްކިއަސް……..” ޝާރިޤު އޭނަގެ ހިތުގައިވާ އެއްޗެއް ޒޯޔާގާތުގައި އަހައިފިނަމަ އޭނަ ދެރަވެދާނެތީ ކަންބޮޑުވެއެވެ. “އޯކޭ، މައްސަލައެއްނެތް ޕުރޮމިސްކޮށްފިން………އަހަރެން އިތުރަށް ދެރަވާވަރުގެ ކަމެއް ދެން ހިޔެއްނުވޭ އިރާދަކުރެއްވިއްޔާ ދިމާވާނެހެނެއް” ޒޯޔާ ބުނެލިއެވެ.

“ޒޯ……ދެން އިތުރު ދިރިއުޅުމެއްފަށަން ގަސްތުކުރަންތަ؟” ޝާރިޤު ވަރަށް ލަސްލަހުން ބަސްތައް އަމުނާލިއެވެ. ޒޯޔާ ޝާރިޤަށް ބަލާލިއެވެ. އެސުވާލަކީ އަދި އޭނައަމިއްލަ ނަފްސާކުރަން ހިތަށްވެސް ނާރާސުވާލެކެވެ. އެފަދަ ކަމަކާދޭތެރޭ ޒޯޔާއަށް އަދިނުވިސްނެއެވެ. “އަދި ނޭގެ…..” ޒޯޔާ އޭނަގެ ހިތުގައި އޮތްގޮތަށް ޖަވާބުދިނެވެ.

“ޒޯ މުޅިއުމުރު ޝާހިޤަށްޓަކާ ތިގޮތަށް އޭނަގެ އިންތިޒާރުގަ ހުންނާނީތަ؟” ޝާރިޤު އަނެއްކާވެސް ސުވާލުކުރިއެވެ.

“ޒޯ…..ނިކަން ވިސްނާލަބަލަ، ލިބެން އުޅޭ ކުދިންނަށް ބައްޕައެއްގެ ލޯބި ބޭނުންވާނެއެއްނު، ޒޯ ޝާހިޤުއަށް އިންތިޒާރުކުރާއިރު، ޒޯއަށް އެނގޭތަ އޭނަ އަންނާނީ ކޮންދުވަހަކުން ކޮންއިރަކުންކަން………..ނޭގެއެއްނު” ޒޯޔާ ޖަވާބެއް ނުދިނުމުން އަނެއްކާވެސް ޝާރިޤު ވާހަކަދައްކަންފެށިއެވެ.

“އަހަންނަކަށް ނޭގެ……….ޝާހިޤު ނާންނަންވީ ކީއްވެތަ، މީއޭނަގެވެސް ކުދިންނެންނު، އޭނަ މިކުދިން ދެކިލަން އަންނާނެ…………..އޭނައަކީ އެހާ ހިތްހަރު މީހެއްނޫން، އޭނަ އަދި އަންނާނެ އޭ”
 ޒޯޔާ އޭނަގެ ބަނޑުގައި ފިރުމަމުން ބުނަމުންދިޔައެވެ. އޭނަ ޝާރިޤުގެ ސުވާލުތަކާއިމެދު ވިސްނަމުން ދިޔަވަރަކަށް ބަނޑުގައި ރިހުންވެސް ގަދަވާހެން ހީވެއެވެ.

“އޯކޭ، މައްސަލައެއްނެތް، ޝާހިޤު ޒޯޔާވިހެއީމަ ކުދިންނަށްޓަކާ އަންނާނެއޭދޯ ތިބުނީ………..މައްސަލައެއްނެތް، އެކަމަކު މިސާލަކަށް އޭނަ ނައިސްފިއްޔާ ޒޯ ހަމަ ތިގޮތަށް ހުންނާނީހޭ……….” ޝާރިޤު ބޭނުންވާ ޖަވާބެއް އަދިވެސް ޒޯޔާގެ ފަރާތުން ނުލިބެއެވެ.

“ޝާރިޤު ކީއްވެތަ އަހަރެންގެ ލައިފާމެދު އަބަދު ކަންބޮޑުވާންވީ، ޝާރިޤުގެ އަމިއްލަ ލައިފާމެދު ވިސްނާލަބަލަ، ޝާރިޤުވެސް ތިހުންނަނީ ހަމަ އެއަންހެން ކުއްޖާ ލިބޭތޯއެއްނު، ހަނދާން އެބަހުރިތަ…….ޝާރިޤު ފޯނުން އަހަރެން ކައިރީ ބުނީމެއްނު، ޝާރިޤު މިދުނިޔެމަތިން އެންމެ ލޯބިވި ކުއްޖާ ގާތު ލޯބިވެޔޭ ނުބުނެވެނިސް އޭނަ ޝާރިޤަށް ގެއްލުނީއޭ، އޭނައަކީ މިހާރު މީހެއްގެ ހައްގެކޭ………….އޭނަ އުޅެނީ މީހަކާއިނދެގެންނޭ، އަޅެ ނުބުނަންތަ………..” ޒޯޔާ ގޮނޑިން ތެދުވަމުން ބުނެލިއެވެ.

“އަހަރެން ބުނީމޭ…….އެހުރިހާ ވާހަކައެއްގެ މަތިން ހަދާންއެބަހުއްޓޭ……….ކިހިނެތްތަށް ހަނދާންނެތޭނީ” ޝާރިޤު ބުނެލިއެވެ. “އެހެންވީރު ޝާރިޤުވެސް އެއަންހެން ކުއްޖާމަތިން ހަނދާން ނައްތާލާފަ ލައިފެއް ފަށަންވީނު……….” ޒޯޔާއަށް ބުނެވުނީ ތަންކޮޅެއް ހަރުކަށިކޮށެވެ.

ޝާރިޤަށް ހީވީ އޭނަގެ މޫނުގައި އެތިފަހަރެއް ޖެހިހެންނެވެ. ޝާރިޤު ކުޑަކޮށްނަމަވެސް ހިތްހަމަނުޖެހުނެވެ. ޒޯޔާގެ އެޖުމްލައިން އޭނަގެ ހިތުގެ އެންމެ ފުންމިނަށް އަސަރު ކުރުވިއެވެ. “އާ، އަހަރެން މީހަކާނީދެ މިހުންނަނީ އެއަންހެން ކުއްޖާއާއި އިންނަންވެގެން، އޭނަ ދެކެ ލޯބިވާތީ، އޭނައަކި މިހާރު މީހެއްގެ އަންބެއްނޫން……….އޭނަގެ ފިރިމީހާ އޭނަ ވަރިކޮށްލާފަ ދިޔައީ، އެއްވެސް ރަހުމެއް ހަމްދަރުދީއެއްނެތި، އަހަރެން އޭނައަށް ނަފުރަތުކުރަން، އެކަމުގަ އެއަންހެންކުއްޖާގެ އެއްވެސް ކުށެއްނެތް، އަހަރެން ބޭނުންވަނީ އޭނައަށް އާދިރިއުޅުމެއް ހޯދަދޭން، އަހަރެން ބޭނުންވަނީ އޭނައަށް ސާބިތުކޮށްދޭން ހުރިހާ ފިރިހެނުން އެއްގޮތެއް ނުވާނެކަން……………އޭނައަށް ގެއްލިފައިވާ އުފާތައް އަނބުރާ ހޯދަދޭން، އޭނައަށް ލިބެންއުޅޭ ކުދިންނަށް ރަގަޅު ބައްޕައަކަށް ވެދޭން……..” ޝާރިޤުގެ ވާހަކަ ނުނިމެނިސް ޒޯޔާ ވާހަކަދައްކަންފެށިއެވެ.

“އެހެންވީރު ދެން އޭނަކައިރީ ބުނަންވީނު ޝާރިޤު ލޯބިވެއޭ، ބުނަންވީނު އޭނައަށް ރަގަޅު ދިރިއުޅުމެއް ހޯދަދޭން ބޭނުމޭ…….އަހަރެންގެ ދިރިއުޅުމާމެދު އަހަރެން ވިސްނާނަން ޝާރިޤު ދިރިއުޅުމެއް ފެށީމަ……….ޝާރިޤު އެއަންހެން ކުއްޖާގާތު ހުރިހާ ވާހަކައެއް ކިޔާދީބަލަ………” ޒޯޔާ ބުނެލިއެވެ.

“އަހަންނަކަށް ނޭގޭ ދެން އިތުރަށް އަހަރެން ބުނަންހަދާނެ ގޮތެއް، އޭނައަށް ލިބެންއުޅޭ ކުދިންގެ ބައްޕައަކަށް ވަން އަހަރެން ބޭނުން، އަހަރެން އޭނަދެކެ ލޯބިވާތީ އޭނައާ ގުޅެންވެސް ބޭނުން………” ޝާރިޤު ޒޯޔާއާއި ގާތްވެލުމަށްފަހު އޭނަގެ އަތުގެ ދެފަރާތުން ހިފަހައްޓާލިއެވެ.

ޒޯޔާ ކަންތައްތަކާ ވިސްނަމުން ވާހަކަދައްކަމުން ދިޔަވަރަކަށް އޭނަގެ ބަނޑުގެ ރިހުން ގަދަވެއެވެ. ޝާރިޤު އޭނަގެ އަތުގައި ހިފާލަމުން އެބުނި ޖުމްލަތައް ޒޯޔާގެ ހިތަށް ބިރުވެރިކަމެއް ވެއްދިއެވެ. މުޅިމީހާ ހަމަހީމެންވިއެވެ. ޝާރިޤުއާއި ދިމާލަށް ބަލަހައްޓައިގެން ޒޯޔާއަށް ހުރެވުނީއެވެ. އޭނައަށް ޝާރިޤު އެދައްކަނީ ކާކުގެ ވާހަކައެއްކަން އެނގުނީކަންނޭގެއެވެ. “އެއަންހެން ކުއްޖާއަށް ކިޔަނީ ކޮންނަމެއް………..” ޒޯޔާ އަށް އަހާލެވުނެވެ.

“ޒޯ…….” ޝާރިޤަށް ބުނެލެވުނެވެ. ޒޯޔާ ޝާރިޤުގެ އަތްނައްޓާލުމަށް އުޅުނުވެ. “ޒޯ……ޒޯޔާ………މިރޭ ޒޯއަށް ދެވޭނީ އަހަރެން ދައްކަން މިއުޅޭ ހުރިހާވާހަކައެއް އަޑުއަހާފަ، ޒޯ……………އަހަރެންގެ މޭގަވެސް ވަނީ ދިރުންއޮތްހިތެކޭ، އެހިތަށް ތަދުވެސްވޭ…….އެކަމަކު މިއަދާ ހަމައަށްވެސް އަމިއްލަ ހާލާމެދު ޝުކުރުކޮށްލައިގެން ހުރީ، އަހަންނަވެސް ޒޯ ކޮންމެވެސް ދުވަހަކުން ލިބޭނެކަމުގެ ހުވަފެން ދެކެމުން………އަހަރެން ޒޯދެކެ ލޯބިވީ މިއަދަކު ނޫނޭ……….އެންމެ ފުރަތަމަ ޒޯގެ އަޑުއަހަރެންގެ ކަންފަތުގައި ޖެހުނުވަގުތުން ފެށިގެން……….އަހަރެން ވަރަށް ވަރަށް ލޯބިވޭ ޒޯޔާދެކެ، އަހަރެން ހުވާކޮށްފައި މިބުނަކީ އަހަރެން ޒޯޔާއަށް ދުވަހަކުވެސް ދެރައެއް ނުދޭނަން، އެއަށްވުރެ މާލޯބިވޭ، އަހަންނަށް ޒޯޔާގެ ދިރިއުޅުމުން ޖާގައެއްދީ، އާދޭސްކޮށްފަ މިބުނީ، ތިހިތުން ޖާގައެއްނެތަސް، އަހަރެން ތިއަނދިރިވެފައިވާ ހަޔާތްދިއްލާލަދޭ ހުޅުކޮޅު ކަމުގައިވާން ބޭނުން……އަހަރެން ޒޯޔާއާ ދުރުކޮށްނުލާ…..ޒޯ…..” ޒޯޔާ ތަދުވެއޭ ބުނުމާއެކު ޝާރިޤަށް ޒޯޔާގެ އަތުން ދޫކޮށްލެވުނެވެ.

ޒޯޔާ އަވަސް ފިޔަވަޅުގައި ގޮސް އޭނަގެ ކޮޓަރިއަށްވަދެ ދޮރުލެއްޕިއެވެ. ޝާރިޤު ޒޯޔާގެ ފަހަތުން އައިއެވެ. އޭނަ ޒޯޔާއާއި ވާހަކަދައްކަން މަސައްކަތްކުރިއެވެ. އެވަގުތު ކޮޓަރިން ނުކުމެވުނު ނާދިއާއަށް އެމަންޒަރު ފެނުނެވެ. ޝާރިޤަށް ފެންނަން ވާއިރަށް ނާދިއާ އޭނަގެ ކޮޓަރިއަށް ވަނެވެ. އޭނަގެ ހިތަށް އެތަކެއް ސުވާލެއް އެރިއެވެ. މިގަޑީގައި ޝާރިޤުއާއި ޒޯޔާ ހޭލާ އެކުރަނީ ކީއްބާއެވެ. ޝާރިޤު ޒޯޔާއަށް އެވަރަށް އެގޮވީ ކީއްވެބާއެވެ. ޝާރިޤަކީ ސޯޓުލައިގެން ގޭގޭ އެހެން މީހުން ކުރިމަތީ އުޅޭވެސް ކުއްޖެއްނޫނޭ ނާދިއާގެ ހިތަށްއެރިއެވެ. އޭނަ ބޯހޫރުވާލީ ސިކުނޑިއަށް އެވަގުތު އަރަމުން ދިޔަ ނުބައި ހިޔާލުތަކާ ދުރުވުމަށެވެ. އަދި ކޮޓަރިން ބޭރަށް ބޯދިއްކޮއްލިއެވެ. އެކަކުވެސް ފެންނަން ނެތުމުން މަޑުންމަޑުން އައިސް ބަދިގެއަށްވަނެވެ. އޭރު ޝާރިޤު ކާމޭޒުގޮނޑިއެއްގައި އިނެވެ. ނާދިއާއަށް އޭނަ ރޮނީކަން އެނގުނީ ދެލޯފޮހެލި މަންޒަރު ފެނުމުންނެވެ.

“ދަރިފުޅު ހޭލާތަ ތިއުޅެނީ…………” ނާދިއާ އެއްވެސް ކަމެއް ނޭގޭ ކަމަށް ހަދާ އަހާލިއެވެ. “މި…….މި ފެންފޮދެއް ބޯލަން………” ޝާރިޤަށް ރަގަޅަށް ވާހަކައެއްވެސް ނުދެއްކުނެވެ. އޭނަ އަވަސް އަވަހަށް މޭޒުމަތީ އިން ފެންފުޅި ހިފައިގެން ކޮޓަރިއަށް ދިޔައެވެ. ނާދިއާ އިތުރަށް ހައިރާންވިއެވެ. ޝާރިޤު އާއި ޒޯޔާ އާއިދެމެދު އެތަކެއް ސުވާލެއް އުފެދުނެވެ. ނާދިއާ ފެންފޮދެއް ބޯލައިގެން ކޮޓަރިއަށް ދިޔައީ ދެން ނިދޭނެކަމުގެ އެއްވެސް އުއްމީދެއް ނެތިއެވެ. މިހިނގަނީ ކޮންކަންތައް ގަނޑެއްކަން އޮޅުން ފިލުވުން އެހެން އެއްވެސް ކަމަކަށްވުރެ މުހިއްމުވެގެންނެވެ. މިރޭ އޭނައަށް ހޭލެވުނީ މިކަންތައްގަނޑު ފެންނަން ވެގެން ކަންނޭގެއޭ ނާދިއާގެ ހިތަށްއެރިއެވެ.

ކޮޓަރިއަށް ވަތް ޒޯޔާ ދޮރު ލައްޕާ ތަޅުލިއެވެ. ޝާރިޤު ވަދެވާނެ ކަމަށް ހީކޮށެވެ. އޭނަގެ ހިތް ހާސްވެގެން ތެޅިފޮޅެނީއެވެ. އޭނައަށް އަޑު މިއިވުނީ ކޮންކަހަލަ ވާހަކައެއް ހެއްޔެވެ. ކައިރީގައި އިން މޭޒުގައި އެއްއަތުން ޒޯޔާއަށް ހިފަހައްޓާލެވުނެވެ. އޭނަގެ ބަނޑުގެ ރިހުންވެސް ގަދަވަނީއެވެ.

ޒޯޔާއަށް ދެއަތުން ބަނޑުގައި ހިފަހައްޓާލެވުނެވެ. އިހްސާސް ކުރެވެމުންދިޔަ ވޭނާއެކު ދެލޯ މަރާލެވުނެވެ. ދެދަތްފިލާ ޖައްސާބާރުކޮށްލެވުނެވެ. ޒޯޔާގެ ހިތް އޭނަ ވިހަންވީ ވަގުތު އައިސްޖެހިއްޖެކަމުގައި ބުނަމުންދިޔައެވެ. އެކަމަކު ޒޯޔާހުރީ ހުރިފިޔަވަޅުމަތިން ގުޑިވެސް ނުލެވިފައެވެ. ބަނޑުގައި އަޅާވޭނުންނެވެ. އެހެންހުއްޓާ ރިހުންގަނޑު އިރުކޮޅެއްގެ ތެރޭ މައިތިރިވެއްޖެއެވެ. ޒޯޔާއަށް ހިންދެމިލެވޭވަރިވިއެވެ.

ޒޯޔާ ދޮރުހުޅުވާލައިފައި މަޑުމަޑުން ހިނގައިގަތީ ނާދިއާގެ ކޮޓަރިއާއި ހަމައަށް ދިއުމަށެވެ. އަދިވެސް އޭނައަށް ހުރެވުނީ ބަނޑުގައި ދެއަތުން ހިފަހައްޓާލައިގެންނެވެ. ނާދިއާގެ ކޮޓަރިއާއި ހަމައަށްދެވުނީ ކިރިއާއެވެ. އަނެއްކާ ޒޯޔާގެ ބަނޑަށް ތަދުއަރައިގެން ދިޔައެވެ. އޭނައަށް ފާރުގައި އަތްޖައްސާލެވުނެވެ. އަޅަމުންދިޔަ ވޭނާއެކު ޒޯޔާގެ ހަށިގަނޑު ތުރުތުރު އަޅާލިއެވެ. ކުއްލިއަކަށް ޒޯޔާއަށް އިޙްސާސް ކުރެވުނީ އޭނައަށް ކުޑަކަމު ދެވުނުފަދަ އިހްސާސްއެކެވެ. އެވަގުތު ހޯސްލާފައި ފެންތައް ފައިބައިގަތެވެ. އޭރުވެސް ދެލޯމަރާ ތަގުޅިކޮށްގެން ހުރީ އެވޭން ތަހައްމަލު ކުރުމަށެވެ. އަނެއްކާވެސް މާގިނައިރެއް ނުވެ ތަދުކުޑަވިއެވެ. އެއާއެކު ނާދިއާގެ ދޮރުގައި ތަޅައިގަތެވެ. “މަންމާ……..މަންމާ………” ޒޯޔާ ނާދިއާއަށް ގޮވިއެވެ.

ނިތުގައި އަތްބާއްވާލައިގެން ނުނިދިފައި އޮތް ނާދިއާ ދިޔައީ ސިއްސައިގެންނެވެ. އަވަސް އަވަހަށް އައިސް ދޮރުހުޅުވާލިއެވެ. އޭނައަށް ދޮރުކުރިމަތީ ހުރި ޒޯޔާ ފެނުމުން އެހެން ހުރިހާކަމެއްގެ މަތިން ހަދާންނެތުނު ފަދައެވެ. ޒޯޔާ ހޮސްޕިޓަލަށް ގެންދަންވި ވަގުތު އައިސް ޖެހިއްޖެކަން އެގުނެވެ. ނާދިއާ ޒޯޔާގެ ގައިގާ ހިފަހައްޓާލަމުން އަލިމަނިކަށް ބާރަށް ގޮވާލެވުނެވެ. ނިދިފައި އޮތް އަލިމަނިކުވެސް ދިޔައީ ސިއްސައިގެންނެވެ. އަދި އަވަހަށް ތެދުވިއެވެ.

އަލިމަނިކު އެމްބިއުލާންސަކަށް ގުޅުމަށް އަވަސްވެގަތެވެ. ޒޯޔާ ހޮސްޕިޓަލަށް ގެންދިއުމަށެވެ. އަލިމަނިކު އެމްބިއުލާންސް އަންނަން ވާއިރަށް އެހެން ކުދިން ހޭލެއްވިއެވެ. ޒޯޔާ ނާދިއާގެ އަތުން އެންމެ ހިނދުކޮޅަކަށްވެސް ދުލެއް ނުކުރެއެވެ. އޭނައަށް ކުރެވެމުންދިޔަ އިހްސާސްތައް ހުދު އޭނައަށްވެސް ނޭގެއެވެ. ދަރިއަކު ދުނިޔެއަށް އުފަންކުރާއިރު މައިމީހާގެ ބަނޑުގައި އަޅާވޭން މިއަދު ޒޯޔާއަށް އެދަނީ އިހްސާސް ކުރެވެމުންނެވެ. ޒޯޔާއަށް ތަދުވާކޮންމެ ފަހަރަކު ނާދިއާގެ އަތްތިލައަށް ބާރުކޮށްލެވެއެވެ. އޭރު ޒޯޔާ ދާހިއްލާ ފޯވަނީއެވެ. ކައިރީގައި މަލާކް އިށީނެވެ. އަދި ޒޯޔާގެ އުނަގަނޑުގައި ފިރުމަމުންދިޔައެވެ. އެމަންޒަރު ބަލަންހުރި މިޝްކާއަށް އޭނަގެ އަމިއްލަ ބަނޑުގައި ހިފައްހައްޓާލެވުނެވެ. ޒޯޔާގެ މޫނުމައްޗަށް އަންނަ ކޮންމެ ބަދަލަކާއިއެކު މިޝްކާގެ މޫނުވެސް ބަދަލްވެއެވެ. “މާންމާ………..މަންމާ…….” ޒޯޔާއަށް ނާދިއާއަށް އިރުއިރުކޮޅާ ގޮވާލެވެއެވެ.

“ދަރިފުޅާ ހިތްވަރު ކުރޭ………އިރާދަކުރެއްވިއްޔާ ދެން މާގިނައިރެއް ނުވާނެ” ނާދިއާ ޒޯޔާގެ މޫނުމައްޗަށް ވެއްޓޭ އިސްތަށިތައް ރަގަޅުކޮށްލަމުން ބުނެލިއެވެ. އޭނަވެސް އިނީ ވަރަށް ކަންބޮޑުވެފައެވެ. ޝާރިޤު އާއި ޝާދިން ތިބީ ނުކުމެ މަގުމަތީގައެވެ. އެމްބިއުލާންސް އަންނާނެ އިރެއްގެ އިންތިޒާރުގައި ކެތްތެރިކަން ކުޑަވެފައެވެ. ޝާރިޤަށް އިރުއިރުކޮޅާ ގެއަށްވަދެ ޒޯޔާގެ ހާލު ބާލާލެވެއެވެ. “ޝާމިން ދަރިފުޅާ، އަވަހަށް ޝާހިޤަށް ގުޅާބަލަ……” ނާދިއާއަށް ބުނެލެވުނެވެ.

“މަންމާ……..އެމްބިއުލާންސް…” ޝާރިޤު ސިޓިންގ ރޫމަށް ވަންނަމުން ބުނެލިއެވެ. ޝާރިޤު އެންމެންގެ ތެރޭ މަލާކްގެ އަތުގައި ހިފާ ޒޯޔާއާއި ދުރަށް ޖައްސާލިއެވެ. އަދި ޒޯޔާ ނަގާ އޭނަގެ އަތްދަނޑުމައްޗަށް އުފުލާލައިގެން ގޭންނެރުނެވެ. އެމްބިއުލާންސްއިން ފޭބި މީހުންނަށް ބަލިމީހާ ގެންދާ އެނދު ތިރިކުރެވުނުއިރު ޝާރިޤު ހުރީ އެތަނުގައެވެ. އަދި ޒޯޔާ މަޑުންމަޑުން ބާއްވާލިއެވެ.

ސައިރެން އަޅަމުންދިޔަ އެމްބިއުލާންސް ގޮސްވަނީ އޭ.ޑީ.ކޭ ހޮސްޕިޓަލުގެ ތެރެއަށެވެ. އޭގެން އަލިމަނިކާ، ނާދިއާ އަދި ޝާރިޤު ފޭބިއެވެ. އެމްބިއުލާންސްއިން ފޭބި މީހުންނާއެކު ޒޯޔާގެ އަތުގައި ހިފަހައްޓާލައިގެން ޝާރިޤު ދިޔައެވެ. ދަންވަރުގެ ވަގުތެއްކަމަށްވުމުން ހޮސްޕިޓަލްތެރޭ އިތުރުބަޔަކުނެތެވެ. ހޮސްޕިޓަލްގެ ދެސްޓާފަކު އައިސް އެމަޖެންސީކޮށް ޒޯޔާ ވިހާކޮޓަރިއަށް ވެއްދިއެވެ. ޝާރިޤުގެ އަތުގެތެރެއިން ޒޯޔާގެ އަތްތިލަ ބީވެގެން ދިޔަވަގުތު އޭނަގެ ހިތްވެސް ހުއްޓުނުކަހަލައެވެ.

މާގިނައިރެއްނުވެ ޝާމިން އާއި އެހެންކުދިން އައިސް ހޮސްޕިޓަލަށްވަނެވެ. އެކަމަކު މަލާކްއެއް ނެތެވެ. އޭނައަށް ރަޔާން އެކަނި އެގަޑީގައި ބާއްވައިފައި އަންނަން ނުކެރުނީއެވެ. ހުރިހާ ކުދިން ނާދިއާ ގާތު ހުރި ގޮނޑިތަކުގައި އިށީނެވެ. ޝާމިން ޒޯޔާއަށް ލޭއަޅަން ޖެހިދާނެތީ ލޭލިބޭނޭ ގޮތެއް ހަމަޖައްސާލިއެވެ. ޝާރިޤަށް އިށީނދެގެންނެއް ނީދެވުނެވެ. އޭނަގެ ޢަމަލްތައް ފެންނަށް މީހަކު ހީކުރާނީ ވިހަންވައްދައިގެން އެއުޅެނީ ޝާރިޤުގެ އަންހެނުން ކަމަށެވެ. އެހެނީ އޭނަގެ މޫނުމަތިން ފެންނަމުންދާ ހާސްކަމާ ކަންބޮޑުވުމެވެ. މިމަންޒަރު ނާދިއާއަށް ފެނުމުން އިތުރު ހާސްކަމެއް އޭނަގެ ސިކުނޑިއަށް ވެރިކުރުވިއެވެ.

ފުރަތަމަ ދަރިފުޅު މިދުނިޔެއަށް އުފަންވިތާ މާގިނައިރެއް ނުވަނިސް ދެވަނަދަރިފުޅު ޒޯޔާ ވިހެއެވެ. ދެކުދިންގެ ރުއިމުގެ އަޑު ޒޯޔާގެ ކަންފަތުގައި ޖެހިގެން ދިޔަ ހިނދު އޭނަގެ ދެލޮލުން އެއްވެސް ހިފެހެއްޓުމެއްނެތި ކަރުނައައެވެ. “ޝާހިޤު…………” ވައިއަޑުން ޒޯޔަށް ބުނެލެވުނެވެ. އޭނަގެ ހިތަށް ފިނިކަން ލިއްބައިދިނެވެ. ނަރުސް ކުއްޖެއް އައިސް ޒޯޔާއަށް ފުރަތަމަ ދަރިފުޅު ދައްކާލިއެވެ. އަދި ދެވަނަ ކުއްޖާ ދައްކާލިއެވެ. ފުރަތަމަ ލިބުނީ އަންހެން ކުއްޖެކެވެ. ދެވަނައަށް ލިބުނީ ފިރިހެން ކުއްޖެކެވެ.

ވިހާ ކޮޓަރި ތެރެއިން ނުކުތް ނަރުސް ފެނިފައި ޝާރިޤު އޭނަގެ ގާތަށް ޖެހިލިއެވެ. “ޝީ ގޮޓް ޓުވިންސް، އަ ގާރލް އެންޑް އަ ބޯއީ، ދޭ އާރ ފައިން…….” ނަރުސް ކުއްޖާ ޒޯޔާ ވިހޭ ހަބަރު ޢާއިލާއަށް ދިނެވެ. އަދި ކުދިންނާ ޒޯޔާގެ ހާލުވެސް ރަގަޅުކަމާއި، އޭނަ ވަރަށް އަވަހަށް ނެރޭނެ ވާހަކަ ބުނެލިއެވެ. ޝާރިޤު އަވަސްވެގަތީ ޒޯޔާ ނެރެންވާއިރަށް ހޮސްޕިޓަލުން ކޮޓަރިއެއް ލިބޭތޯއެވެ. އެހެންވެ ހޮސްޕިޓަލުގެ ކައުންޓަރަށް ދިޔައެވެ.

ނަސީބު ރަގަޅު ކަމުން ޒޯޔާ ނެރެން ވާއިރަށް ކޮޓަރިއެއް ހަމަޖެހުނެވެ. ޝާމިން އެހަބަރު މަލާކަށް ދިނެވެ. އެންމެންގެ މޫނުމަތިން ފެންނަނީ އުފާވެރިކަމާ ހިތްހަމަޖެހުމެވެ. “ދަރިފުޅާ…..ޝާހިޤުއަށް ގުޅުނުތަ…….” ނާދިއާ އަހާލިއެވެ. “އޭނަ ފޯނެއް ނުނަގާ، އަހަންނަކަށް ނޭގެ އޭނަ ހޯދަން ދާނެ ތަނެއްވެސް، ދެން އޮފީހަށް ދާހާއިރުން އޮފީހަށް ގުޅާނަން……..” ޝާމިން ކަންބޮޑުވެފައި ބުނެލިއެވެ. ނާދިއާގެ މޫނުމަތީގައިވި ހިނިތުންވުން ބަދަލްވެގެން ދިޔައެވެ. “އަޅެ ބައްޕަގެ ފޯނުން ގުޅާލަބަލަ، އޭރުން ފަހަރެއްގަ ނަގާފާނެ ކަންނޭގެ…….” ނާދިއާ އަނެއްކާވެސް ބުނެލިއެވެ. އެވަގުތު ޝާހިޤު ޒޯޔާ ގާތުގައި ހުރުން މުހިއްމު ވީމައެވެ.

ޒޯޔާ ވިހާ ކޮޓަރި ތެރެއިން ނެރެގެން ގެންގޮސް އޭނަ ބޭއްވުމަށް ހަމަޖެހިފައިވާ ކޮޓަރީގެ އެނދުގައި ބާއްވާލިއެވެ. އޭނަގެ އަތުގައި އައިވީ ގުޅާފައި ވެއެވެ. އަދި ޑޮކްޓަރު ޖެހި އިންޖެކްޝަނެއްގެ ސަބަބުން އޭނައަށް އޮތީ ނިދިފައެވެ. ކުދިން ގެނައި ޒޯޔާ ގެނައިތާ ދެވަރަކަށް ގަޑިއިރު ފަހުންނެވެ. އޭރު ހެދުނު ހަގަޑި ބައިވަނީއެވެ.

ޒޯޔާ މަޑުމަޑުން ލޯހުޅުވާލިއެވެ. އޭނައަށް ދަރިފުޅުގެ ކައިރީގައި ހުރި ޝާހިޤު ފެނުނެވެ. އެއާއެކު މޫނުމައްޗަށް ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. އަދި އައިވީ ގުޅާފައިވާ އަތް ޝާހިޤަށް ދިއްކޮލެވުނެވެ. ލިބުނު ހިތްހަމަ ޖެހުމުން ޒޯޔާ އަނެއްކާވެސް ލޯމަރާލާފައި ހުޅުވާލިއެވެ. އޭނަގެ މޫނުމައްޗަށް ވެރިވި ހިނިތުންވުން ކުއްލިއަށް ފިލައިގެން ދިޔައެވެ. އޭނަގެ އަތުގައި ހިފީ ޝާހިޤު ނޫންކަން އެނގުމުންނެވެ. އޭނަގެ ކުރިމަތީ ހުރީ ޝާރިޤެވެ. ޒޯޔާ އޭނަގެ އަތްދަމައިގަތެވެ. އަދި މުޅިކޮޓަރި ތެރެއަށް ނަޒަރު ހިންގާލިއެވެ. ޒޯޔާ ނާދިއާއަށް ބަލާލިއެވެ. ޝާހިޤު ކޮބާތޯ ސުވާލު ކުރާފަދަ ގޮތަކަށެވެ. ނާދިއާ އައިސް ޒޯޔާގެ ބޮލުގައި ފިރުމާލިއެވެ.

“ބައްޕަ މިއަދު ވަރަށް އުފާވެއްޖެ، އެންމެ ކާފަ ދަރިއެއް ނޫން ބައްޕައަށް ތިދިނީ، ދެ ކާފަ ދަރިން……….” އަލިމަނިކު އުފަލުން ޒޯޔާގެ ބޮލުގައި ފިރުމާލިއެވެ. “މަންމައަށް އެނގުނޭ އޭރުވެސް ޒޯއަށް ލިބޭނީ އަންހެން ކުއްޖަކާ ފިރިހެން ކުއްޖަކާ ކަން……..” ނާދިއާވެސް އަލިމަނިކާ ބައިވެރިވެލިއެވެ. އަދި ޒޯޔާގެ އެނދުގެ ބޯލާކޮޅު ކުޑަކޮށް އުސްކޮށްލިއެވެ.

ނާދިއާ އާއި އަލިމަނިކާ ދެމީހުން ޒޯޔާއަށް ލިބުނު ދެކުދިން ގޮވައިގެން އައިސް ޒޯޔާގެ އަތުގެ ތެރެއަށް ލާދިނެވެ. ޒޯޔާ އެކުޑަކުޑަ ދެމޫނަށް ބަލާލިއެވެ. އަދި ދެކުދިންގެ މޫނުގައި ބޮސްދިނެވެ. ނާދިއާ ޒޯޔާގެ އަތުން އެއްކުއްޖެއް ގެންގޮސް އެނދުގައި ބާއްވާލިއެވެ. އަދި ޒޯޔާގެ އަތުގައިވާ ދަރިފުޅުގެ ބަނޑުހައި ހޫނުކަން ފިލުވާދިނުމަށް އެހީތެރިވެދިނެވެ. އެވަގުތު ޝާރިޤު ބަލަން ހުރިތަން ނާދިއާއަށް ފެނުނެވެ. އެހެންވެ ޒޯޔާގެ އެނދުގެ ވަށައިގެންވާ ފޮތިގަނޑު ދަމާލިއެވެ.

ތިން ދުވަސް ވަންދެން ހޮސްޕިޓަލްގައި ޒޯޔާ އޮތްއިރު ޝާހިޤު އެންމެ ފަހަރަކުވެސް އޭނަގެ ކުދިން ދެކެލުމަށް ނައެވެ. ޒޯޔާގެ ހިތް ކޮންމެ ދުވަހަކު ހުންނަނީ ޝާހިޤު އަންނާނެ ކަމުގެ ފޮނި އުއްމީދުގައެވެ. އޭނަގެ އިންތިޒާރުގައެވެ. ޑޮކްޓަރު ޒޯޔާ ގެއަށްދިއުމުގެ ހުއްދަދިނީއެވެ. ޒޯޔާ އާއި ނާދިއާ ދެކުދިން ގޮވައިގެން ޓެކްސީއަށް އެރިއެވެ.

“އަހަރެން އޭނަގެ އޮފީހަށްވެސް ދިޔައިން، އޭނަ އަހަންނާ ބައްދަލެއް ނުކުރި، އަހަރެން ބުނިން އޭނަގެ އަންހެނުން ވިހޭ ވާހަކަ ބުނެދެއްޗޭ…….” ޝާމިން ބުނެލިއެވެ. “އަޅެ ޒޯ ހާދަ ދެރަވާނެއޭދޯ، އަނެއްކާ ލޯބިލޯބި ދެކުން އެލިބުނީ…….ޝާހިޤު ނުވާނެއެއްނު އެހެން ހަދާކަށް” މަލާކް ބުނެލިއެވެ. އެމީހުން ގޭތެރެ ޒޯޔާ އަންނަން ވާއިރަށް ރީތިކުރިއެވެ. އަދި ޒޯޔާގެ ކޮޓަރީގައި އެއްކޮށްއިން ކުޑަދެއެނދު ބެހެއްޓިއެވެ. “އަހަރެން ހުންނާނެ ބޭބީއަށް ނަންތަކެއް ހޯދާފަ…..” މަލާކްމެން ކައިރީ އުޅުނު މިޝްކާ ބުނެލިއެވެ. “އެހެންތަ، ދޮންބެދައްތަވެސް ހޯދީމޭ…….” މަލާކް ހިނިއައިސްފައި ބުނެލިއެވެ.

ގޭތެރެއަށް ވަދެގެން އައި ޒޯޔާ ފެނުމާއެކު މިޝްކާ ގޮސް ޒޯޔާގެ ގައިގާ އޮޅުލައިގަތެވެ. “މިޝްކާ، ޒޯ އަދި ތެޅިފޮޅި އުޅޭވަރެއް ނުވެޔޭ….” ނާދިއާ މިޝްކާގެ ކޮނޑުގައި ޖަހާލަމުން ބުނެލިއެވެ. މަލާކް ޒޯޔާގެ އަތުތެރޭ އޮތް ކުއްޖާ އުރާލިއެވެ. ލޯބިން ބޮސްދިނެވެ. “މީ ހަމަ ޒޯ…….އެއްވެސް ތަފާތެއް ނެތް” މަލާކް ހެމުން ހެމުން ބުނެލިއެވެ. “ޒޯ، މިޝްތަ ހުންނާނެ ވަރަށް ރީތި ނަންތަކެއް ހޯދާފަ…” މިޝްކާ އަވަސްއަރުވާލައިފައި ބުނެލިއެވެ. “ނޫން، ދޮންބެދައްތަ ބުނާ ނަމެއްދޯ ކިޔާނީ…..” މަލާކުވެސް ދުލެއް ނުކުރިއެވެ. ޒޯޔާ ހިނިއައިސްފައި ހުރެ ނާދިއާ އާއިއެކު އައިސް ކޮޓަރިއަށްވަނެއެވެ.

އެހުރިހައި ކަމެއް ހިނގިއިރުވެސް ޝާރިޤު ޒޯޔާއާއި އަނގައިންނެއް ނުބުނެއެއެވެ. ޝާރިޤު ޒޯޔާ ގޮވައިގެން ގެއަށް އާދެވުމުން އޭނަ ވަނީ އޭނަގެ ކޮޓަރިއަށެވެ. އަދި އެނދުމަތީ އޮށޯވެލައިގެން އޮތެވެ. އޭނަ ވިސްނަމުން ދިޔައީ ޒޯޔާ އޭނައާއި ދިމާލަށް ބުނި ވާހަކަތަކާއި މެދުއެވެ. ޒޯޔާ އޭނައާއި ދޭތެރޭ މިހާރު ދެކެނީ ކިހިނެތްބާއެވެ. އެތައް ބައިވަރު ސުވާލެއް ޝާރިޤުގެ ހިތަށްއަރާ ފައިބަމުންދިޔައެވެ. ޝާރިޤުގެ އަތުން ދެތިންފަހަރު މޭގައި ޖަހާލިއެވެ. އެހިތް ޒޯޔާއަށް ގޮވާތީއެވެ. އޭނައަށް ބޭނުންވާތީއެވެ. އެހިތަށް ނުވިސްނެނީ ކީއްވެބާއޭ ޝާރިޤު ހިތަށް އެރިއެވެ. އަދި ޝާހިޤުއަށް ހިތުގެ ފުންމިނުން ނަފްރަތު ކުރިއެވެ. ޝާހިޤަށް އޭނައަށް ލިބިފައިވަނީ އަގުހުރި ޖަވާހިރެއްކަން ނޭގުނީ ކީއްވެބާއޭ ޝާރިޤުގެ ހިތަށް އެރިއެވެ. އަދިވެސް ޒޯޔާ ހުރީ ޝާހިޤުގެ އިންތިޒާރުގަކަން އެގުމުން ޝާރިޤުގެ ލޮލުން ކަރުނައައެވެ.

ޒޯޔާ ގެއަށް ގެނައިތާ ދެވަނައަށްވީދުވަހެވެ. އަދިވެސް ޒޯޔާއަށް ކުދިންނާއެކު އެކަނިވެއްޖެނަމަ ރޮވެއެވެ. ޝާހިޤުގެ މަތިން ހަނދާންވެފައެވެ. ޝާހިޤުގެ ނަންބަރަށް އޭނަ އަމިއްލައަށްވެސް ގުޅާ މެސެޖުކޮށްހަދައެވެ. އެކަމަކު އެއްވެސް ޖަވާބެއް ނާދެއެވެ. ބައެއްފަހަރު ޒޯޔާ ވިހޭ ހަބަރު ޝާހިޤަށް ނުލިބެނީބާއޭވެސް ޒޯޔާގެ ހިތަށް އަރައެވެ. ޒޯޔާ ޝާހިޤުގެ ހަޔާތުން ބާކީކޮށްލިގޮތަށް އެކުދިން ޝާހިޤުގެ ހަޔާތުން ބާކީކޮށްލަފާނެތީ ބިރުގަނެއެވެ. ދަރިންގެ ބައްޕަ އެދަރިންނަށް ހޯދަދޭން ޒޯޔާ ބޭނުމެވެ. އޭނަގެ އެއުއްމީދު ގެއްލިގެން ދާކަށް ޒޯޔާ ބޭނުމެއްނޫނެވެ.

ނާދިއާއަށް ޝާރިޤު ކޮޓަރިން ބޭރަށް ނުކުމެ އުޅޭތަނެއް ނުފެނެއެވެ. ޒޯޔާ ވިހޭ ފަހުން ޝާރިޤު އޮފީހަށް ދާތަނެއްވެސް ނުފެނެއެވެ. ކާންވެސް ނުކުންނަނީ ނާދިއާ ކޮޓަރީގެ ދޮރުވައްޓާލާ ހިސާބަށް ދިޔައީމައެވެ. ޝާރިޤު ރަގަޅަށް ކައެއްވެސް ނަހަދައެވެ. ގިނަވަގުތު ހޭދަކުރަނީ ކޮޓަރީގައެވެ. އޭނަ އެކަކުވެސް އެކޮޓަރިއަށް ވަންނާކަށް ގަބޫލެއް ނުވެއެވެ. އެކަމުގެ ސަބަބުން އެކޮޓަރި ސާފުކުރުމަށްވެސް ނާދިއާއަށް ދަތިވިއެވެ. ގޭތެރޭގެ އެހެން ކުދިންނަށްވެސް ޝާރިޤަށް އައިސްގެން އުޅޭ ބަދަލު ފާހަގަ ކުރެވެން ފެށިއެވެ. އެކަކުއަނެކަކު ގާތު ވީގޮތެއް އޮޅުން ފިލުވަން ސުވާލުކޮށް ހަދައެވެ. އެކަކަށްވެސް ވެގެން އުޅޭ ގޮތެއް ނޭގެއެވެ. ވިސްނާވިސްނާވެސް ޝާރިޤަށް އެފަދަ ބަދަލެއް އަންނާނޭފަދަ ކަމެއް އެކަކުގެ ސިކުނޑިއަކަށްވެސް ނުވިސްނުނެވެ. މިހިސާބަށް ކަންތައް ދިއުމުން ނާދިއާއަށް ޝާރިޤާ ވާހަކަ ނުދައްކައެއް ކެތެއްނުވިއެވެ.

މެންދުރުގެ ކެއުމަށްފަހު ގޭގައި އެވަގުތު އުޅުނު މިޝްކާ އާއި މަލާކްވެސް ވަނީ ޒޯޔާއާއެކު އޭނަގެ ކޮޓަރިއަށެވެ. ރަޔާންވެސް ޒޯޔާގެ ގާތަށް އެނދަށްއަރާ އޮތެވެ. ނާދިއާ ފަހަރަކު ކުއްޖެއް ފެންވަރުވަން ތައްޔާރުވިއެވެ. ޒޯޔާ މަޑުމަޑުން ފިރިހެން ދަރިފުޅު ނަގާ އެމައުސޫމް މޫނުގައި ބޮސްދިނެއެވެ. ނާދިއާގެ އަތަށް ޒޯޔާ ދަރިފުޅު ގެންގޮސް ދިނެވެ. “ކޮއްކޮ ބަލާލަންތަ ބޭބީ ފެންވަރާތަން” ދުވެފައި ފާހާނާ ކައިރިއަށް އައި ރަޔާން ޒޯޔާގެ ގާތުގައި އަހާލިއެވެ. ޒޯޔާގެ ގާތަށް ހިނިއަންނަގޮތްވިއެވެ. އޭނަ ރަޔާންގެ ކޮލުގައި ހިފާލަމުން ބޯޖަހާލިއެވެ.

ނާދިއާ ޒޯޔާގެ ކުދިން ފެންވަރުވާލަ ދިނުމާއެކު މަލާކް އެކުދިން ރީތިކޮށްދޭނަމޭ ބުނެލިއެވެ. އެހެންވެ މަލާކްގާތު ޒޯޔާއަށް އެހީތެރިވުމަށް ބުނަމުން އެކޮޓަރިން ނުކުތެވެ. ނާދިއާ އޭނަގެ ކޮޓަރިއަށް ވަނީ ފެންވަރާލައިގެން އަވަހަށް މެންދުރު ނަމާދުކޮށްލުމަށެވެ. އޭރު އަސުރު ވަގުތު ގާތްވަމުން އަންނާތީއާއެކުއެވެ.

އަޞުރު ނަމާދު ކޮށްލައިގެން ނާދިއާ ކޮޓަރިން ނުކުތެވެ. އަދި ޝާރިޤުގެ ކޮޓަރީގެ ދޮރުގައި ގޮސް ޓަކިޖެހިއެވެ. ފަސްވަރަކަށް ފަހަރު ނާދިއާ ޓަކިޖަހާ ގޮވާހެދުމުން ޝާރިޤު ދޮރުހުޅުވާލިއެވެ. ހުޅުވާލާފައި ހުރިއިރު ނާދިއާއަށް ހަމައެކަނި ފެންނަނީ ޝާރިޤުގެ މޫނުގެ އެއްބައެވެ. “ދަރިފުޅާ، މަންމަ ވައްދަބަލަ……….” ނާދިއާ ދޮރުގައި އަތްޖައްސާލަމުން ބުނެލިއެވެ. ޝާރިޤު އެއްވެސް އެއްޗެއް ނުބުނެ ހުރުމުން އަނެއްކާވެސް ނާދިއާ އޭނަ ވެއްދުމަށް ބުނެލިއެވެ.

ޝާރިޤު އެއްވެސް އެއްޗެއް ނުބުނެ ދޮރުހުރިގޮތަށް ބަހައްޓާފައި ހިނގައިގަތީ އެތެރެއަށެވެ. ނާދިއާ ދޮރުހުޅުވާލާފައި ކޮޓަރިއަށް ވަނެވެ. އެކޮޓަރީގައި ފަނޑު އަލިކަމެއް ނޫނީނުވެއެވެ. އެވެސް އެއީކޮޓަރީގެ ފާހާނާގެ ލައިޓުން އެޅިފައިވާ އަލިކަމެކެވެ. ނާދިއާ ދޮރުކައިރީގައި އިން ސުވިޗު ޖައްސާލިއެވެ. އެއާއެކު ކޮޓަރިތެރެ އަލިވެގެން ދިޔައެވެ. އޭނައަށް ލިބުނީ ހައިރާން ކަމެވެ. ޝާރިޤު އޭނަގެ އެނދުގައި އިސްޖަހާލައިގެން އިށީނދެގެން އިނެވެ. ނާދިއާއަށް އޭނަގެ މޫނެއް ނުފެނެއެވެ. ހަލާކުކޮށްލައިފައި ހުރި ސީޑީ ތަކަކާއި ވީދާ ކުދިކުދިކޮށްފައި ހުރި ކަރުދާސްތަކެއް އެނދާދިމާ ބިންމަތީގައި ހުއްޓެވެ. ކޮމްޕިއުޓަރުން އިނގިރޭސި ލަވައެއްގެ އަޑު ކޮންމެވެސް ވަރަކަށް އިވެއެވެ. އެނދުމަތީގައި ބޮޑު ފޮޓޯ އަލްބަމެއް އޮތެވެ. “ދަރިފުޅު ކިހިނެތް ވެގެންތަ ތިއުޅެނީ، މަންމަ ގާތުވެސް ބުނީމައެއްނު އެނގޭނީ” ނާދިއާއަށް ބުނެލެވުނެވެ. އަދި އެނދުގައި އޮތް ފޮޓޯ އަލްބަމްގައި އަތްލަން އުޅެނިކޮށް ޝާރިޤު އޭތި ދުރަށް ޖައްސާލިއެވެ. “މަންމަ ބަލައިގެންނުވަނީތަ………” ނާދިއާ ޝާރިޤުއަށް ބަލާލަމުން އަހާލިއެވެ. ޝާރިޤުގެ ތުނބުޅިވެސް ހުރީ ކޮންމެވެސް ވަރަކަށް ދިގުވެފައެވެ. ނާދިއާ އިސްޖަހާލައިގެން އިން ޝާރިޤުގެ އެއްފަރާތުގައި ހުރިއިރު އޭނަގެ މޫނު ކޮންމެވެސް ވަރަކަށް ފެނުނެވެ.

ނާދިއާ ޝާރިޤު އަނގައިން ނުބުނެ އިންނާތީ ކަންބޮޑުވިއެވެ. އޭނަ ޝަރިޤުގެ ގާތުގައި އިށީނެވެ. ” ދަރިފުޅަށް ކަމެއް ދިމާވީތަ، އޮފީހަށްވެސް ނުދަމެންނު މިހާރު، ބަލާ މިހާރު މީހާ ހުރިގޮތް، ތުނބުޅިއާއެއްޗެހި ނުބާލާ، އިސްތަށިގަނޑުވެސް ކިހިނެތްތައް ތިހިރީ، މީގެ ކުރިން ތީ އަބަދުވެސް މިގޭގެ އެންމެ ރީތިކޮށް ހުންނަ ކުއްޖާ، މަންމަގެ ބަސްއަހާ އެންމެ ކިޔަމަންތެރި ކުއްޖާ، ވީއިރު ތިހާ ބޮޑު ބަދަލެއް އައިސްގެން ތިއުޅެނީ ކީއްވެކަން މަންމައަށް ބުނެދީބަލަ، މަންމަ ބޭނުން މިއަދު ޝާރިޤަށް ވެގެން އުޅޭގޮތެއް އޮޅުން ފިލުވަން…..” ނާދިއާ ޝާރިޤުގެ އިސްތަށިގަނޑު ރީތިކޮށްލަމުން ބުނެލިއެވެ. އެވަގުތު ނާދިއާއަށް ވީކިހިނެތްކަމެއް ނޭގުނެވެ. ޝާރިޤުގެ އިސްތަށިގަޑުގައި ނާދިއާގެ އަތްޖެހުމާއެކު ޝާރިޤު ނާދިއާގެ ފައިބުޑުގައި އިށީނދެ ނާދިއާގެ އުނގުގައި ބޯއަޅާލިއެވެ. އަދި ނާދިއާގެ އުނަގަނޑުގައި ހިފަހައްޓާލައިގެން އޮވެ ރޮމުން ދިޔައެވެ. ނާދިއާ އަށް ޝާރިޤުގެ ބޮލުގައި ފިރުމާލެވުނެވެ. “ދަރިފުޅު ކީއްވެތަ ތިރޮނީ…….” ނާދިއާ އަހާލިއެވެ. ޝާރިޤު އެއްވެސް އެއްޗެއް ނުބުނެ ރޮމުންދިޔައެވެ. ނާދިއާގެ ހިތަށްތަދުވިއެވެ. އޭނަގެ އުނގުގައި ކުޑަކުއްޖެއް ފަދައިން ބޯއަޅާލައިގެން ރޮމުން ދިޔަ ޝާރިޤު ފެންނަ ކޮންމެ މީހެއްގެ ހިތަށްވެސް ތަދުވާނެއެވެ. އޭނަގެ ރުއިމުގައި ވޭންއެކުލެވިގެންވިއެވެ.

ޝާރިޤުއަށް އޭނަގެ އަމިއްލަ ނަފްސުގެ މައްޗަށް އެއްވެސް ކޮންޓްރޯލެއް ނެތެވެ. އޭނައަށް ގިސްލަ ގިސްލާފައި ރޮވެނީއެވެ. މިއަދު އޭނަގެ ހިތް އޭނައަށް ފިރިހެނުންނަކީ އެހާ ފިނޑިބައެއް ނޫންކަން ވިސްނާދޭން ބޭނުންނުވާ ކަހަލައެވެ. ނާދިއާގެ އުނގުގައި އޮވެ ޝާރިޤު ބޭނުންވަނީ އޭނަގެ ހިތްފުރެންދެން ރޯލަންށެވެ. އެހިތުގެ ރިހުމަށް ލުޔެއްލިބިދާނެ ކަމުގެ އުއްމީދުގައެވެ. އެކަމަކު އެހެންވާނީ ކިހިނެތްހެއްޔެވެ. އޭނަގެ ހިތުގެ ޝިފާއަކީ ޒޯޔާއެވެ. ޒޯޔާ ނޫން މީހަކަށް އެހިތަށް ލުޔެއް ނުދެވޭނެއެވެ. ޝާރިޤު އެހިތަށް ވިސްނައިދީ ދީ ވަރުބަލިވެއްޖެއެވެ. ގޮތްހުސްވެއްޖެއެވެ. ނާދިއާގެ އާދޭސް ތަކަށް ބީރުކަންފަތެއް އިތުރަށްދޭހާ ހިތަވަރެއް އޭނަގެ ނެތެވެ. އެހިތް މިއަދު ބޭނުންވަނީ ޝާރިޤުގެ މެއިންވެސް ނުކުންނާށޭ، ޒޯޔާގެ ގާތަށް ދިއުމަށެވެ.

ކުއްލިއަކަށް ނާދިއާއަށް ދޮރުމަތީ ހުރި ޝާދިން އާއި ޝާމިން ފެނުނެވެ. އެމީހުންނަށް ތިބީ ހުއްޓުން އަރާފައެވެ. ޝާރިޤު ނާދިއާގެ އުނގުގައި އޮވެ ރޯތީއެވެ. ޝާމިން އަވަސް އަވަހަށް ދޮރުލައްޕާލިއެވެ. ދޮރަށް ފުރަގަސް ދީގެން އޮތް ޝާރިޤަށް އެކަމެއް ނޭގެއެވެ. ޝާދިން އެމީހުން ތިބިކަން ނޭންގުމަށް ނާދިއާއަށް އިޝާރާތްކޮށްލިއެވެ. އަދި އަތުން ކިހިނެތްވީތޯ އަހާލިއެވެ. ނާދިއާ ދެފަރާތަށް ބޯހޫރުވާލިއެވެ. “ޝާރިޤު، މަންމަގާތު ނިކަން ބުނެބަލަ……ދެން ތިހެން ރުޔަކަސް މަންމައަކަށް ނޭގޭނެއެއްނު……..އަނެއްކާ ޒޯ……………..ތިދެކުދިންގެ މެދުގައި ކަމެއް ހިނގީތަ…” ނާދިއާ ބުނަންބޭނުންނުވެފައި އިނދެ ބުނެލިއެވެ. ޝާރިޤަށް އޭނަގެ އަމިއްލަ ދުލަށްވެސް ބާރެއް ނުފޯރުވުނެވެ. ޒޯޔާގެ އަޑުއިވުމާއެކު އޭތި އަމިއްލައަށް ހަރަކާތްކުރަންފެށިއެވެ. “ނޫން، ނޫން……މަންމާ، ޒޯއަކީ އެކަހަލަ ވިޔާނުދާ ކުއްޖެއް ނޫން، އަޅުގަނޑުމެން ދެމީހުންގެ ދޭތެރޭ އެއްވެސް ކަހަލަގުޅުމެއް ނުހިނގާ، ކުރެވުނުކަމެއް ކުރެވުނީ އަޅުގަނޑަށް، މަންމާ ގަސްތުގައެއްނޫން އެވެސް……..” ޝާރިޤު ކިޔާދެމުން ދިޔައެވެ.

ޝާރިޤުގެ ވާހަކަތައް އަޑުއިވިފައި ނާދިއާއިނީ ބުނާނެއެއްޗެއްވެސް ނޭގިފައެވެ. އޭނައަށް ޝާރިޤަށް ދޭނެ ޖަވާބެއްވެސް ނޭގުނެވެ. އެހެނީ ޝާރިޤާ ޒޯޔާގެ ގުޅުމަކީ މިއަދަކު ފެށިފައިވާ ގުޅުމެއް ނޫންކަން އެނގުމުންނެވެ. އަދި ހަދާނެ ގޮތެއްވެސް ނޭގުނީ، ޝާރިޤު އެވަރަށް ޒޯޔާދެކެ ލޯބިވާއިރުވެސް ޒޯޔާ ޝާހިޤުދެކެ ލޯބިވާތީއެވެ. ޒޯޔާއަކީވެސް މިހާރު ނާދިއާގެ އަމިއްލަ ދަރިއެއްފަދަ ކުއްޖެކެވެ. އޭނައަށް ޒޯއަށް އެއްވެސް ކަމެއް މަޖުބޫރެއް ނުކުރާނެއެވެ. އަނެއްކޮޅުން ޝާރިޤު ޒޯޔާގެ ލޯބީގާ އާވާރާވަނީއެވެ. ޝާހިޤު ޒޯޔާގެ ގާތަށް އެނބުރި އަންނާނެ ކަމެއްވެސް އެކަކަށްވެސް ޔަގީންވަނީކީ ނޫނެވެ. މިހާރު ނާދިއާގެ ސިކުނޑި ހާސްވިވަރަކަށް އޭނަގެ ދެލޯ ފެންކަޅިވަމުންދިޔައެވެ. ނާދިއާއަށް ޝާދިން އަށާއި ޝާމިންއަށް ބަލާލެވުނެވެ.

“ކޮއްކޯ ތިހެން ނޫޅެ ދެން ތެދުވޭ……..ފިރިހެނުންނަކީ އެހާ ހިތްވަރު ދެރަބައެއް ނޫނެއްނު” ޝާދިން ޝާރިޤުގެ ކޮނޑުގައި އަތްލަމުން ބުނެލިއެވެ. ޝާރިޤަށް ފަހަތަށް ބަލާލެވުނެވެ. އޭނައަށް ޝާމިން އާއި ޝާދިން ފެނުމުން އިސްޖަހާލެވުނެވެ. “ދޮންބޭ، އަޅުގަނޑު ގަސްތުގަ ކުރިކަމެއް ނޫނޭމިއީ، އަޅުގަނޑަށް މާފުކުރޭ މަންމާ…….” ޝާރިޤު އެނދުގައި އިށީދެލަމުން ބުނެލިއެވެ. އެވަގުތު ޝާމިން އައިސް ޝާރިޤުގެ ކުރިމަތީ ކުޑަކަކޫ ޖަހާލިއެވެ. “ދޮންބެއަށް އެނގޭ ޝާރިޤަށް އެނގިގެން ނުކުރާނެކަން ގޯސްކަމެއް، ޒޯޔާދެކެ ލޯބިވުން އެއީ ކުށެއްނޫނޭ، އެހެންވެ ކޮއްކޮ ހިތްވަރުގަދަ މީހަކަށްވާންވީ، ޒޯއަށްވެސް މިފަދަ ވަގުތެއްގައި އެހާބޮޑު ނިންމުމެއް ނިންމަން އުނދަގޫވާނެކަން ކޮއްކޮވެސް ވާނެއެއްނު ވިސްނަން……..” ޝާމިން ބުނެލިއެވެ. ޝާރިޤު ބޯޖަހާލީ ޝާމިން އާއި ޝާދިންގެ ބަސް އޭނަ ގަބޫލުކުރިކަން އެންގުމަށެވެ. ނާދިއާ ކޮޓަރިން ނުކުމެގެން ދިޔައެވެ. އޭނައަށް ބުނާނެ އެއްޗެއް ހަމަނޭގިގެންނެވެ.

ނައުރީން ޝާހިޤު ގެއަށް އަންނަން ވާއިރަށް ސަކީނާ ލައްވާ އޭނައަށް މީރުވާނެހާ އެއްޗެހި ހެދުވިއެވެ. ސަކީނާ ހުންނަނީ ނައުރީންދެކެ ވަރަށް ފޫހިވެފައެވެ. ނައުރިންގެ އުޅުން ވިޔާނުދާވީމައެވެ. އެކަމަކު އެއްވެސް އެއްޗެއް ނުބުނެއެވެ. އޭނައަށް ޝާހިޤު އާއިއެކު ނައުރީން އުޅޭ މަންޒަރުތައް އެގެއަށް އަންނަ ކުޑަވަގުތުކޮޅުތެރޭގައިވެސް ފެނެއެވެ. އެއްޗެކޭ ނުބުނަނީވެސް، ބުނުމުން ގޯސްވާނީ ސަކީނާކަން އޭނައަށް އެގޭތީއެވެ.

ޝާހިޤު އޮފީސްގަޑި ނިންމާލާފައި ނުކުތީނައުރިންގެ ގާތަށް ދިއުމަށެވެ. އޭނަ އާދައިގެ މަތިން ފޯނުނަގާ ބަލާލިއެވެ. ޒޯޔާގެ ނަންބަރުން ގުޅާފައި ހުއްޓެވެ. އަދި މެސެޖުވެސް ފޮނުވައިފައި ހުއްޓެވެ. ޝާހިޤު މެސެޖުތައް ކިޔާލުމަށްފަހު ހުރިހާ މެސެޖެއް ފޯނުން ފޮހެލިއެވެ. މެސެޖުތަކުގައިވަނީ ޝާހިޤު ކުދިން ދެކިލަން އަންނާނީ ކޮންއިރަކުންތޯއެވެ. ޒޯޔާ ވިހޭފަހުން އޭނައަށް އެމެސެޖު ކޮންމެދުވަހަކު ލިބެއެވެ.

ކައިގެން ސޯފާގައި ޖައްސާލައިގެން އޮތް ޝާހިޤު ވިސްނަމުންދިޔައެވެ. އޭނަގެ ކުދިން ދެކިލަން ދާންވީބާއެވެ. އެކަމަކު މަންމަ ބުނިބަސްވެސް ހަނދާނަށް އައެވެ. އޭނައަށް ނައުރީން ދޫކޮށެއްނުލެވޭނެއެވެ. ޒޯޔާއާއި ގުޅޭކަށް ނައުރީންއެއްވެސް ގަބޫލެއްނުވާނެއެވެ. ޝާހިޤު ބައްޕައަކަށްވީއެވެ. އޭނައަށް އެކުދިންނަކީ އޭނަގެ ދަރިންނެއްނޫނޭ ބުނެވޭކަށްވެސް ނެތެވެ. ޝާހިޤު އަމިއްލައަށް އޭނައަދި ބައްޕައަކަށްވާން ބޭނުންކަމެއް ޔަގީނެއްނޫނެވެ.

“ނައު……..އެނގޭތަ ޒޯ ވިހައިފިކަން، އަންހެން ކުއްޖަކާ ފިރިހެން ކުއްޖެއް ލިބުނީ……..” ޝާހިޤު ސީލިންގ އާއި ދިމާލަށް ބަލަހައްޓައިގެން އޮވެ ބުނެލިއެވެ. “ސޯ……..ދެން ނައު ކީއްތަކުރަންވީ، ޝާހިޤު ދާހިތްވަނީދޯ، އޭރުވެސް ނައުބުނީމެއްނު ކުދިންލިބުނީމަ ޒޯޔާގެ ކަންތައްގަނޑު ޖެހޭނެއޭ، އައި ހޭޓް ހާ………” ނައުރީން އެހެންބުނުމުން ޝާހިޤަށް ތަންކޮޅެއްބާރަށް ނައުރީންއަށް ގޮވާލެވުނެވެ. “ނައު، އެއީ އަހަރެންގެ ކުދިން ނޫންކަމަށް ނުހެދޭނެއެއްނު، އެހެންނޫނަސް އަހަރެން އެހެންބުނީކީ ވަކި ދާކަށްނޫނޭ…..” ޝާހިޤު ބުނިއެއްޗަކުން ނައުރީން ހިތްހަމަނުޖެހުނެވެ. އަދި ޝާހިޤު ކައިރީން ތެދުވެގެންގޮސް އެނދުމައްޗަށް ވެއްޓިގަތެވެ. ޝާހިޤަށް އޭނަގެ ބޮލުގައި އަތްހާކާލެވުނެވެ. ކުޑަހިނދުކޮޅަކަށް ނަމަވެސް ޝާހިޤުގެ ހިތުގައި އޭނަގެ ކުދިން ދެކިލަން ދިއުމުގެ ޝައުގުވެރިކަން އުފެދުނެވެ. އެކަމަކު ނައުރީން ނުރުހޭކަމެއް އޭނަ ކުރާކަށް ބޭނުމެއް ނުވިއެވެ. އެހެންވެ އެހިޔާލާ ދުރަށްދިޔައެވެ. އަދި ނައުރީން އާއެކު އާދިރިއުޅުމެއްފެށުމުގެ ހުވަފެންދެކެމުންދިޔައެވެ.

އެނދުގައި އޮތް ނާދިއާއަށް ކޮންމެވެސް ކަމެއް ވެއްޖެކަން އަލިމަނިކަށް އެނގުނެވެ. އެހެންނޫނީ ނިދަންވަދެ އެތަކެއް ވާހަކައެއްދައްކާ ނާދިއާ މިރޭ އެހާމަޑުމަޑުން އޮންނަންވީ ކީއްވެހެއްޔެވެ. “ނާދިއާ، ކޮންކަމަކާ ތިހާވަރަށް ތިފިކުރުކުރަނީ؟” އަލިމަނިކު އަހާލިއެވެ.

ނާދިއާއަށް ނޯވެވިގެން ތެދުވިއެވެ. އަދި އަލިމަނިކާއި ކުރިމަތިވާގޮތަށް އެނދުގައި ހަމަޖެހިލައިގެން އިށީނެވެ. ނާދިއާ އަލިމަނިކަށް ޝާރިޤުގެ ވާހަކަތައް ކިޔާދިނެވެ. އަލިމަނިކަށްވެސް ނިތުގައި އަތްބާއްވާލެވުނެވެ. ނާދިއާ ފުންނޭވާއެއްލިއެވެ. “އަލިމަނިކު ބުނެބަލަދެން ހަދާނެ ގޮތެއް، ޝާހިޤު އެހުންނަނީ ގުޅާވެސް ނުލަން، އޭނަ އަންނާނެ ދުވަހެއްގެ އިންތިޒާރުގައި ޒޯޔާ އެހުންނަނީ، ޝާހިޤު އަންނާނެ ކަމެއްވެސް އެނގެނީކީ ނޫން، އަދިވެސް އެދެކުދިންގެ ވަރިސާބިތުކުރަން ކޯޓަށްވެސް ނާންގާ…….ޝާހިޤު އަލުން ކައިވެނިކުރަން ބޭނުންކަމެއްވެސް އެކަކަށްވެސް އެގެނީކީނޫން……….އަޅެ މިކަމަށް ހިޔާލެއް ދީބަލަ، ޒޯޔާ ނުރުހޭއިރު އޭނައަށް އަހަރުމެން ނުވާނެއެއްނު މަޖުބޫރުކުރާކަށް ޝާރިޤުއާއި ގުޅޭކަށް، އަނެއްކޮޅުން ޝާރިޤު އެމަންޖެ ދެކެ އިންތިހާއަށް ލޯބިވޭ، އަހަރެން މިއަދު ވަރަށް ދެރަވި……..” ނާދިއާ ކަންބޮޑުވެފައިއިނދެ ބުނަމުންދިޔައެވެ.

އާ…..ތިބުނީވެސް ތެދެއް، އަހަރެންވެސް ބޭނުމެއްނޫން އެމަންޖެ ނުރުހޭކަމެއް ކުރުވާކަށް، އެކަމަކު އެމަންޖެއަށް ރަގަޅު ދިރިއުޅުމެއް ލިބެންވެސް އަހަރެން ބޭނުން، ޝާހިޤުވެސް އެވަރަށް ގުޅާއިރުވެސް ފޯނުނަގާނަމައެއްނު…….ނާދިއާ، އަހަންނަށް ފެނޭ ނާދިއާ ޒޯޔާއާއި އެވާހަކަ ދައްކާލަން، އޭރުންވެސް އޭނަ ބުނާއެއްޗެއް އެނގިދާނެއެއްނު” އަލިމަނިކު އޭނަގެ ހިޔާލު ފާޅުކުރިއެވެ.

“އަހަރެންވެސް އެކުއްޖާ އުފަލުގަ އުޅޭތަން އަދިދެކެން ބޭނުން، ޝާރިޤުވެސް އުފަލުގަ ހުންނަން އަހަރެން ބޭނުން……އަހަރެން ދުވަހަކުވެސް ނުދެކެން ޝާރިޤު އަންހެން ކުއްޖަކާހެދި އުޅެނިކޮށް، އެކަން މިއަދު މިއެގުނީ……ކީއްވެކަން އޭނަ މިހާދުވަސް ވަންދެން އެކަނިމާއެކަނި އުޅެމުން އެދަނީ……އެއްގޮތަކަށްވެސް ނޭގެ މިކަންތައްނިމޭނީ ކިހިނެތްކަމެއްވެސް…….” ނާދިއާއަށް އޭނަގެ ބޯހޫރުވާލެވުނެވެ.

ޒޯޔާގެ ދެކުދިންނަށް ނަންކީ ދުވަސްވީ ގޭތެރެއަށް ކުޑަވަރެއްގެ އީދެއް އައިދުވަހަކަށެވެ. ނާދިއާ ބޭނުންވީ ކެއްކުމުގެ ކަންތައްތައް ގޭގައި ކުރިއަށް ގެންދާށެވެ. އަލިމަނިކުގެ ތިމާގެ ކުދިންވެސް ގެއަށް އައިސް އުޅުނެވެ. ނަން ފާސް ކުރީ ނާދިއާ އާއި އަލިމަނިކެވެ. ޒޯޔާގެ އަންހެން ދަރިފުޅަށްކީ އާޔާ އެވެ. ފިރިހެން ދަރިފުޅަށްކީ އަލްވިންއެވެ. އެދެކުދިންނަކީ މިހާރު ޒޯޔާގެ ދިރިހުރުމުގެ އެއްބައެވެ. އެދުވަހު ޒޯޔާއަށް ޝާހިޤުގެ ފޯނަށް ގުޅުނު އަދަދުވެސް ނޭގެއެވެ. އޭނަގެ ހިތަށް ވަރަށް ތަދުވިއެވެ. އެކަމަކު އޭނައެއް ނުރޮއެވެ. އެދުވަހަށްފަހު ޒޯޔާ ޝާހިޤަށްޓަކާ އޭނަގެ ލޮލުން އިތުރަށް ކަރުނަތިއްކެއް ވައްޓާނުލުމަށް އަމިއްލަނަފްސަށް ވަޢުދުވިއެވެ. ޝާހިޤަށް އޭނަގެ ކުދިންގެ މުހިއްމުކަން ނޭގުމުންނެވެ.

އޭގެފަހުން މަސްދުވަސް ވޭތުވެގެން ދިޔައީއެވެ. ޒޯޔާ އޭނަގެ ކުދިންނާއެކު ހުރިހާ ވަގުތެއް ހޭދަކުރަމުން ދިޔައެވެ. ޝާރިޤު ފެންނަ ހިސާބަށް ނުނުކުމެ ވޭތޯ އޭނާ މަސައްކަތް ކުރެއެވެ. ނާދިއާ އަށް ވިސްނާވިސްނާވެސް ޒޯޔާގެ ގާތުގައި ޝާރިޤުގެ ވާހަކަތައް ދައްކާނެ ގޮތެއް ނޭގުނެވެ. ޒޯޔާ ޝާހިޤުދެކެ ވާ ލޯތްބަށް ބަދަލެއް ނާދެއެވެ. ވިހެއުމަށްފަހު އޭނަގެ ހާލު މިހާރު މުޅިންހެން ރަގަޅެވެ. ޝާރިޤަށްޒޯޔާ ފެނުނަސް ވާހަކަދައްކާކަށް ނުކެރެއެވެ. ޒޯޔާގެ ހިތުގައިވާ އެއްޗެއް ނޭގޭތީއެވެ. އޭނައާއި ޒޯޔާ ދުރަށްދާން އުޅޭކަން ފާހަގަވެސް ކުރެވޭތީ އާއިއެކުއެވެ.

ޝާމިން ގޭގައި ހުރިދުވަހެކެވެ. އެހެންވެ ޝާމިން ވަގުތުގެ ބޭނުން ހިފިއެވެ. އަދި ނާދިއާ އާއި ވާހަކަ ދައްކާލުމަށް އޭނަގެ ކޮޓަރިއަށް ނާދިއާ ވެއްދިއެވެ. އޭރު މަލާކްވެސް ރަޔާން ގައިދޮއްވައިލައިގެން ފާހާނާއިން ނުކުންނަނީއެވެ. “ކޮންވާހަކައެއް ދައްކަންތަ ތިހާވަރުން މަންމަ މިކޮޓަރިއަށް ތިވެއްދީ……” ނާދިއާ ޝާމިންމެންގެ އެނދުގައި އިށިންނަމުން ބުނެލިއެވެ. ނާދިއާގެ އެއްފަރާތު އެނދުމަތީގައި ހުރި ރަޔާން ރީތިކުރުމަށް މަލާކު އުޅެއެވެ. “މަންމާ، ޝާރިޤުގެ ވާހަކަދައްކަންވެގެން……..” ނާދިއާގެ ކުރިމަތީ ބޯޅަގަނޑެއްހެން އޮތްއެއްޗެއްގައި އިށިންނަމުން ޝާމިން ބުނެލިއެވެ. ނާދިއާ ހައިރާންވިއެވެ. ޝާމިން ބުނަންއެއުޅެނީ ކީކޭބާއޭވެސް ހިތަށްއެރިއެވެ.

“މަންމާ، އަޅުގަނޑަކީ މަންމަމެންގެ އެއްވެސް ނިންމުމަކަށް ފާޑުކިޔާ ކުއްޖެއް ނޫންކަން އެނގޭނެ، އަދި މިގޭ އެއްކުއްޖެއްވެސް ނުކިޔާނެކަން އެނގޭ……….” ޝާމިން ވާހަކަދެއްކިއެވެ.

“މަންމައަށް އަދި ނޭގުނު ދަރިފުޅު ބުނަންތި އުޅޭ އެއްޗެއް” ނާދިއާއަށް ޝާމިން ބުނަންއުޅުނު އެއްޗެއްގެ މާނައެއް ނޭގުނެވެ.

“މަންމާ، އަހަރުމެން ހުރިހާ ކުދިންވެސް ޒޯދެކެ ލޯބިވޭ، ވަރަށް ދެރަވެސް ވޭ ޒޯއަށް އެހެންކަންތައް ދިމާވީމަވެސް، މަންމާ…….އަޅުގަނޑުމެންވެސް މިކަމާއި މެދު ވިސްނިން، މަޝްވަރާވެސް ކުރިން، އަޅުގަނޑުމެންނަށް ވިސްނުނު ގޮތުގައި ދެން ޝާހިޤު އަންނާނެ ހެނެއް ހިޔެއްނުވޭ……އެހެން ނޫންނަމަ މިހާރު އައިހެންނު، އެންމެ ކުޑަމިނުން ދަރިފުޅު ބަލާލަންވެސް ނައި، އެހެންވެ މިހެން ބުނަން މިޖެހުނީވެސް، މަންމާ………….އަޅުގަނޑުމެން ދެކޭގޮތުގައި ޒޯ އާއި ޝާރިޤު ގުޅުމަކުން ޒޯއަކަށްވެސް ދެރައެއް ލިބޭނެ ހެނެއް ހިޔެއްނުވޭ……….ޒޯއަށް އެކަން ވިސްނޭނެ ކޮންމެވެސް ދުވަހަކުން، މިހާރު އޭނައަށް ރަގަޅަށް ވިސްނާކަށް ނޭގޭނެ……….އަހަރުމެން ޖެހޭނީ އޭނައަށް ވިސްނައިދޭން، ޒޯގެ އުމުރުގެ ހަގުކަންވެސް މަންމައަށް އެނގިލައްވާނެ، އޭނައަށް ފިރިއެއްގެ ލޯބި ބޭނުންވާނެ……..” ޝާމިން ނާދިއާއަށް ބަލަން އިނދެ ބުނެލިއެވެ.

“އާ…..މަންމާ………ޝާމިން އެބުނީ ތެދެއް، މީ އަހަރުމެން ހުރިހާ ކުދިންގެ ނިންމުމެއް، މިހިޔާލު މަންމައަށް ދޭން ބޭނުންވަނީ، ޝާރިޤު ހުރީ އެކުދިންގެ ބައްޕައަކަށްވާން ތައްޔާރަށް، އޭނަ ޒޯޔާ ކޮންމެހާލެއްގަވެސް ގަބޫލުކުރާނެކަން އެނގޭ، އަޅުގަނޑުވެސް ބޭނުން ޒޯއަށް ހިތަހަމަޖެހުމެއް ލިބެން، ކިތަންމެހާވެސް ބޭނުން ޝާހިޤުގެ ފަރާތުން އެކުއްޖާއަށް ލިބުނު ހިތްދަތިކަން ފިލައިގެން ދާން………..ޝާހިޤު ދެނެއް ނާންނާނެ މަންމާ” މަލާކު ރަޔާން އެއްފަރާތަށް ޖައްސާލަމުން ނާދިއާ ގާތު އިށީނެވެ.

“މަންމަވެސް ތިކަމާ ވަރަށް ވިސްނައިފިން، ޝާރިޤު ނުކުމެ އުޅޭތަން ފެނުނަސް އޭނަގެ މޫނުމަތީގައި ހިތްހަމަ ޖެހުމެއް ނުވޭ، ހަމައެގޮތަށް ޒޯވެސް، ޒޯޔާވެސް އެހުންނަނީ އެއްވެސް ދިރުމެއްނެތިފަ، މަންމަ އެދެކުދިންގެ އުފާވެރިކަންވެސް ބޭނުން، ޝާހިޤާމެދު ދެރަވެސްވޭ…..ހިތަށް އަރާ އޭނަހަމަ އަހަރުމެން އެކަކުގެ މަތިންވެސް ހަނދާން ނުވަނީބާއޭ……..އެކަމަކު ދެން މިކަން ދިގުލާކަށްވެސް ބޭނުމެއްނޫން ޝާހިޤުއަންނާނެ ދުވަހަކަށް………ތިކަމާ މަންމަ ކޮންމެވެސް ފިޔަވަޅެއް އަޅާނަން……….”ނާދިއާ މަލާކް އަށާއި ޝާމިންއަށް ބަލާލަމުން ބުނެލިއެވެ. އެމީހުންގެ މޫނުމަތިން އުފާވެރިކަން ފެނިގެން ދިޔައެވެ.

އެރޭގެ ވަގުތެއްގައި ނާދިއާއަށް ޒޯޔާ އާއިއެކު އެކޮޓަރީގައި އެކަނިވެލާނެ ވަގުތުކޮޅެއް ލިބުނެވެ. ޒޯޔާ އިނީ އަލްވިންގެ ނެޕީ ބަދަލުކުރާށެވެ. ނާދިއާ އާޔާ ނިދާތޯ އަތުތެރެއަށް ލައިގެން ނާނާކިޔައެވެ. އޭނައަށް މިއަށްވުރެ ރަގަޅު ވަގުތެއް ދެންނުލިބޭނެކަން އެގެއެވެ. އެހެންނޫނީ އަނެއްކާވެސް އޮންނާނީ އެވާހަކަ ފަސްކޮށްލެވިފައެވެ.

“ޒޯ، ދަރިފުޅު މަންމަދެކެ ލޯބިވޭތަ…….” ނާދިއާ އަހާލިއެވެ. “އަޅުގަނޑު މަންމަދެކެ ލޯބިނުވާންވީ ކީއްވެ؟” ޒޯޔާ ހައިރާން ވެފަ އަހާލިއެވެ. “އެހެންވީރު ބުނެބަލަ، އާޔާ އާއި އަލްވިން ދެކެ ކިހާވަރަކަށް ޒޯ ލޯބިވަނީ” ނާދިއާ އަނެއްކާވެސް ސުވާލެއް ކުރިއެވެ. “މަންމަ މިރޭ ކޮންކަހަލަ ސުވާލުތަކެއްތަ ތިކުރަނީ، ދެން މަންމައަށްވެސް އެނގިލައްވާނެއެއްނު އާޔާ އާއި އަލްވިން ދެކެ އަހަރެން ލޯބިވާނެވަރު………އަހަރެންގެ ހުރިހާ ހިތްހަމަޖެހުމެއްވަނީ އެދެކުދިންނާއެކު………މަންމާ، އަނެއްކާ އަޅުގަނޑަށް ކަންތައްތައް މިކުރެވެނީ ގޯސްކޮށްތަ” ޒޯޔާ އެނދުގައި އޮތް އަލްވިންގެ ތުއްތުފައިގައި ހިފާލަމުން ބުނެލިއެވެ.

“އެކުދިންނަށް ޒޯޔާ ކަންތައްތައް ކޮށްދޭގޮތަށް މަންމައަށްވެސް ނުކޮށްދެވޭނެ، މިބުނީ އެހާ ފުރިހަމަކޮށް ނުކޮށްދެވޭނެ ވާހަކަ، މަންމަ މިއުޅެނީ ޒޯޔާ ކުދިން ބަލާގޮތް ގޯސްވެގެންނެއް ނޫން، ޒޯޔާއަކީ މަންމަގެ ދަރިއެއް މިހާރު، ވީއިރު މަންމަވެސް ޒޯއަށް ދެރައެއް ލިބޭކަށް ބޭނުމެއް ނުވާނެ، އަދި ދަރިފުޅު މުޅިއުމުރު ތިގޮތަށް ހޭދަކޮށްލާކަށްވެސް މަންމައަކަށް ނުރުހެވޭނެ، މަންމަ ބޭނުން ދަރިފުޅު އަލުން ދިރިއުޅުމެއް ފަށަން……..” ނާދިއާ ޒޯޔާއަށް ބަލާލަމުން ބުނެލިއެވެ.

“މަންމާ…….އެކަމަކު……އަޅުގަނޑު…….އެކަމަކު…………” ޒޯޔާއަށް އޭނަ ބުނަން ބޭނުންވި ޖުމްލައެއް ނުބުނެވުނެވެ. “ޒޯ، އެހަށް އަޑުއަހާބަލަ މަންމަ ދައްކަން މިއުޅޭ ވާހަކަ، ޒޯއަށް އެނގޭނެ މަންމަ ދަރިފުޅަށް އެއްވެސް ކަމެއް މަޖުބޫރެއް ނުކުރާނެކަން، ކުރާކަށް ބޭނުމެއްވެސް ނޫން، މަންމަ ބޭނުން ޒޯ އާއި ޝާރިޤު ގުޅެން، ތަޤުދީރުގައި ޒޯއަށް ޝާރިޤުއާއި ދިމާވާން ހުރުމުން މިއަދު މިހުރިހާ ކަމަކާއި ކުރިމަތިލާން މިޖެހެނީ، ދަރިފުޅަށް ޝާރިޤަށްވުރެ ރަގަޅު ފިރިއެއް މަންމައަކަށް ހިޔެއްނުވޭ ހޯދާދެވޭނެހެނެއް، ޝާރިޤު ދަރިފުޅުދެކެ ވަރަށް ލޯބިވޭ، އޭނައަށް ވުރެ ރަގަޅު ބައްޕައެއް އާޔާ އާއި އަލްވިންއަށް ހިޔެއްނުވޭ ލިބޭނެހެއް، ދަރިފުޅަށްވެސް އެނގޭނެ އެކުދިންނަށް ބައްޕައެއްގެ ލޯބި ބޭނުންވާނެކަން، އަނެއްކާ ދަރިފުޅަށްވެސް ފިރިއެއްގެ ލޯބި ބޭނުންވާނެ، މަންމައަށް އެނގޭ ދަރިފުޅު އަދި ބޭނުންނުވާކަންވެސް، އެކަމަކު މަންމައަށް އެނގެނީ ޝާރިޤުވެސް ޒޯއާއި ނޫނީ ނީންނާނެކަން، ދަރިފުޅާ ޒޯޔާ، އަހަރުމެން އަންހެނުންނާ ދިރިއުޅުމުގައި ވަރަށްގިނަ ކަންތައްތަކާއި ދިމާވާނެ، އޭގެ މާނައަކީ ދެން އެހިސާބުން ދިރިއުޅުން ނިމުނީއެކޭ ނޫނޭ، އެއްވެސް މީހަކަށް ކުރިއަށް ވާނޭ ގޮތެއްނޭގޭނެ، މަންމަ ބޭނުން މަންމަގެ ދެދަރިންވެސް އުފަލުގަ ހަމަޖެހޭ ދިރިއުޅުމެއް އުޅޭތަން ބަލަން، މިފަހަރު މަންމަ ޒޯއަށް ގެރެންޓީ މިދެނީ ޝާރިޤުގެ، އޭނައަކީ ތަފާތު މިޒާޖެއްގެ ކުއްޖެ، އަދިވެސް މަންމައާއި ނުލާ ކިތަންމެ ކުޑަކަމެއްވެސް ނުކުރެވޭ، އެކަމަކު މަންމަ ދުވަހަކުވެސް ނުދެކެން އޭނަ އެގޮތަށް ރޮނިކޮށެއް، އަދި އެވެސް އަންހެން ކުއްޖަކާހެދި………މަންމަގެ މިއުނގުގައި ބޯއަޅައިގެން އޮވެ ޒޯޔާދެކެ ލޯބިވާވަރު ހާމަކުރަމުން ދިޔައީ، މަންމަ ދޭނީ ކޮންޖާވާބެއް، އެހެންވެ ދަރިފުޅު ގާތު މިވާހަކަ މިދެއްކީ، މަންމަގެ ޝާރިޤަށް ޒޯޔާ ނޫންކުއްޖެއް މަންމަވެސް ބޭނުމެއް، މަންމައަށް އެނގޭ މިއެދެވެނީ ކިހާވަރެއްގެ ކަމަކަށްކަން، މަންމައަށް އެނގޭ ޒޯޔާއަށް ޝާރިޤުދެކެ ލޯބިވާން އުނދަގޫވާނެކަން، ލޯތްބަކީ ވަރަށް ފާޑެއްގެ އެއްޗެއް، ޒޯޔާގެ ހިތް ޝާރިޤުގެ މައްޗަށް ލެބެން ގިނަދުވަސްނަގާނެ ކަންވެސް އެނގޭ، ހަނދާންވޭތަ މަންމަ ބުނީމެއްނު ދަރިފުޅަށްޓަކާވެސް މާތްމީހަކު ހުރެދާނެއޭ، ކޮންމެ ހާލެއްގަވެސް ދަރިފުޅު ގަބޫލުކުރާވަރުގެ……..މީ އެފުރުޞަތުކަން މަންމަ ބޭނުންވޭ ދަރިފުޅަށް ވިސްނާދެން………މިހެން ބުންޏަސް ދަރިފުޅު ބޭނުންގޮތެއް އެނގޭނީ ދަރިފުޅަށް، މަންމަ ހީކުރަން ދަރިފުޅު މިކަމާ ތަންކޮޅެއް ރަގަޅަށް ވިސްނަލާފަ މާދަމާ ޖަވާބެއް ދޭނެކަމަށް، ހީކުރަން ދަރިފުޅުގެ އާނބަސް ލިބޭނެކަމަށް………..” ނާދިއާ ޒޯޔާގެ ފައިގައި އަތްބާއްވާލަމުން ބުނެލިއެވެ. އަދި ޒޯޔާގެ އަތަށް އާޔާ ލާދެމުން ކޮޓަރިން ނުކުންނަށް ހިނގައިގަތެވެ.

ޒޯޔާއަށް ނާދިއާގެ ލޮލުގައި ޖަމާވެފައި ހުރި ކަރުނަތައް ފެނުނެވެ. އޭނަ އެއްވެސް އެއްޗެކޭ ނުބުނެ ނާދިއާ ނުކުމެގެން ދިޔަތަން ބަލަން އިނެވެ. ޒޯޔާއަށް ސިހުންވީ އާޔާ ކުކުރާލީމައެވެ. ޒޯޔާ މަޑުންމަޑުން އާޔާ އެނދުގައި ބާއްވާލިއެވެ. އަދި ދެކުދިން ގާތު އެނދުގައި އޮށޯވެލިއެވެ. އޭނަގެ ސިކުނޑީގަ އާއި ކަންފަތުގައި އޭރުވެސް ނާދިއާގެ ވާހަކަތައް ހަރުލާފައި ހުއްޓެވެ. “މަންމާ……ކީއްވެތަ އަހަރެންގެ ކައިރިން ތިފަދަ ކަމަކަށް ތިއެދުނީ………..” ޒޯޔާގެ ހިތަށް އެރިއެވެ. ޒޯޔާ އޭނަގެ ގާތުގައި އޮތް ދެކުދިންނަށް ބަލާލިއެވެ.

އެތަށް އިރެއްވަންދެން ޒޯޔާ ފިކުރުކުރުމުގައި އޮތެވެ. އޭނަގެ ސިކުނޑި ސުމަކަށްދާވަރުވެއެވެ. އާޔާ އާއި އަލްވިން ހޭލަފާނެތީ ވަރަށް މަޑުމަޑުން އެނދުން ތެދުވިއެވެ. އަދި އަލަމާރި ކައިރިއަށްގޮސް ދޮރުފަތް ދެފަރާތަށް ހުޅުވާލިއެވެ. ޝާހިޤު ނުގެންގޮސް ހުރި އަންނައުނުތައް ނަގާ އުކަންފެށިއެވެ. ވަތްގަނޑުތަކުގައި ހުރި ޝާހިޤު އަންނައުނުވެސް ނަގާ ފަހަރަކު އެއްޗެއް މައްޗަށް ފައިންއަރައެވެ. ހީވަނީ މޮޔައެއްހެންނެވެ. އެހެން ނުވާންވީ ސަބަބެއްނެތެވެ. އޭނަ އެއަންނައުތަކާ އެކިއެކި ސުވާލުކުރަމުންދިޔައެވެ. ޒޯޔާގެ ހަޔާތަށް އައީ ކީވެގެންހެއްޔެވެ. ދެކުދިންނާއެކު ޒޯޔާ އެކަނި އުޅުމަށް ދޫކޮށްލީ ކީއްވެގެންހެއްޔެވެ. އެންމެ ފަހަރަކުވިޔަސް އެކުދިން ދެކިލަން ނައީކީއްވެހެއްޔެވެ. މިއަދު ޒޯޔާ ޝާރިޤަށް އިންނަން ޖެއްސީ ކީއްވެހެއްޔެވެ.

ޒޯޔާގެ އަތުގައި އަލަމާރި ބިއްދޮށުގައި ބައިންދާފައިއިން ޕާރުސަލެއް ޖެހުނެވެ. ޒޯޔާ ޝާހިޤުދެކެ އައިސްފައިވާ ރުޅި އެފެނުމުން މަޑުވިއެވެ. އަދި ދެލޯ ފެންކަޅިވިއެވެ. އެ ޕާރުސަލްނަގާ މޭގައި ޖައްސާލިއެވެ. އަދި ބާރަށް ރޯންފެށިއެވެ. އަނެއްކާ ރޮމުންރޮމުން ތިރީގައި އިށީނދެ ޝާހިޤުގެ އަނައުނުތައް އެއްކުރަމުން ނަގަންފެށިއެވެ. ޝާހިޤުގެ ގަމީސްތަކާ ޓީޝާޓު ތަކުން ވަސްބަލަންފެށިއެވެ. އޭނަގެ ކައިރިއަށް ދެން ޝާހިޤު ހަމަނާންނާނެތޯ ސުވާލުކުރަމުންނެވެ.

އެގާރަ ޖަހަނިކޮށް ނައުރީންއަށް ފޯނެއްއައެވެ. “ކާކު…….” ޝާހިޤު ނައުރީން ފޯނުންވާހަކަ ދައްކާ ނިމުމުން އަހާލިއެވެ. “ޖުމް ގުޅީ، އެމީހުން ހަނީމޫނު ނިންމާފަ މާލެ އައީ އިއްޔެއޯ، ކުޑަކޮށް ބިޒީވީމަ އިއްޔެ ނުގުޅުނިއްޔޯ، މީޓުކޮއްލަން ބޭނުންވާ ވާހަކަބުނީ……..” ނައުރީން ފޯނުން ދެއްކި ވާހަކަތައް ކިޔާދިނެވެ. “އެހެންތަ” ޝާހިޤު ބުނެލިއެވެ. “ނައު……ހިތަށް އަރާތަ އަހަރުމެން ދެމީހުން މިހެން އުޅޭއިރު މީހަކު ރިޕޯރޓެއް ކޮށްފާނެކަމަކަށް” ޝާހިޤުގެ ތަނަވަސް މޭގައި އަތްބާއްވާލައިގެން އޮތް ނައުރީންގެ ކޯތާފަތުގައި ފިރުމަމުން އަހާލިއެވެ. “އާ، އަހަރެން ހިތަކަށް ނާރާ، އެހެންނޫނަސް މިޒަމާނުގަ ކާކުތަ އުޅެނީ އަނެކާ އުޅޭގޮތް ބަލަން، އޭނަގެ ފަސްފަހަތުން ދުވަން، ކޮންމެ މީހެއްވެސް އުޅޭނީ އެމީހެއްގެ އަމިއްލަ ލައިފައިގެން……..” ނައުރީން ހަމަޖެހިލައިފައިވާ ރާގަކަށް ބުނެލިއެވެ. “ނޭގޭނު، މިގެއަށް އަންނަ ސަކީނާވެސް ބުނެދާނެއެއްނު” ޝާހިޤު ބުނެލިއެވެ. “ސަކީނާއެއް ނުބެހޭނެ، މަންމަ އޭނައަށް ބައިވަރު ލާރިފޮނުވާ، އެހެންވީމަވެސް އޭނައަކަށް ނުކެރޭނެއެއްނު” ނައުރީން ޔަގީންކަމާއެކު ބުނެލިއެވެ. “ކިހިނެތްވީ، ޝާހިޤު ބިރުގަންނަނީތަ މިހާރު އަހަރެންގެ ކައިރިއަށް އަންނަން………….” ނައުރީން ހެމުން ބުނެލިއެވެ. “އެހެނެއް ނޫން، ދެން ހިނގާ ނިދަމާ……..އޭރުން އޮފީހަށްދާން ހޭލެވޭނީ” ޝާހިޤު ނައުރީން އެއްފަރާތަކަށް ޖައްސާލިއެވެ.

ފަތިހު ހަތަރެއްޖަހާ ދިޔައިރުވެސް ޒޯޔާއަކަށް ނުނިދެއެވެ. އޭނަގެ ސިކުނޑީގައިވަނީ ހައިޖާނެއްއުފެދިފައެވެ. މިއަދު އޭނަގެ ހިތަށްވެސް ޝާހިޤު އަންނާނެ ކަމުގެ އިތުބާރު ގެއްލިޖެއެވެ. ޒޯޔާ އާޔާ އާއި އަލްވިން އާއި ދެކުދިންގެ މޫނުގައި ބޮސްދިނެވެ. އެކުދިންނަށްޓަކާ އޭނަ ކޮންމެކަމެއްވެސް ކުރާނެއެވެ. އެކުދިންނަށް ބައްޕައެއްގެ ލޯބި ހޯދަދޭން ޒޯޔާ ބޭނުމެއެވެ. މިއަދު އޭނަގެ މަންމަގެ މަގާމުގައި ހުރި ނާދިއާގެ ހިތުގައިޖައްސާކަށް ނުކެރޭނެއެވެ. ނާދިއާ އޭނައަށް ދެރަގޮތެއްވާކަށް ނޭދޭނެކަން ޒޯޔާއަށް ވިސްނެއެވެ. އެކަމަކު ލޯބި……ލޯބި ވޭވޭނީ އެއްފަހަރުއެވެ. އޭނަ ޝާރިޤުދެކެ ލޯބިވާނީ ކިހިނެތް ހެއްޔެވެ. ޒޯޔާގެ ހަށީގައި ނޭވާ ހިނގާހާ ދުވަހަކު ޝާހިޤުގެ ނަންއެހިތުގައިވާނެއެވެ. ބަލާލާ ކޮންމެ ދިމާލަކުން އެގޭތެރެއިން ޝާހިޤުގެ ހަނދާންތައް އާކުރުވާނެއެވެ. ކުރެހުންތެރިއެއްގެ ކުރެހުމެއް ފަދައިން ހިތުގައި އެމަންޒަރު ކުރެހިގެންދާނެއެވެ.

ޝާރިޤު އޮތީ އެހެން ރޭރެއެކޭވެސް އެއްގޮތަށް ނުނިދިފައެވެ. ދޮރުގައި މީހަކު ޓަކިޖެހުމުން ހައިރާންވިއެވެ. އެގަޑީގައި އެދޮރުގައި ޓަކިޖަހާނީ ކާކުބާއޭ ހިތަށް އަރާފައެވެ. ދެވަނަ ފަހަރަށް ޓަކިޖެހީމަ ޝާރިޤުގޮސް ދޮރުހުޅުވާލިއެވެ. އޭނައަށް ހީވީ އޭނަގެ ފައިދަށުން ބިންގަނޑު ދެމިގަތްހެންނެވެ. އަރިއަޅާލާ ގޮތްވުމުން ދޮރުކަނީގައި އަތްވިއްދާލިއެވެ. އޭނަގެ ކުރިމަތީގައި ހުރީ އޭނަގެ ހިތެވެ. އެހިތުގެ ދިރުމެވެ. އެއީ ޒޯޔާއެވެ. ގަބޫލު ނުކުރެވިގެން ޒޯޔާގެ ކޮޓަރިއަށް ބަލާލިއެވެ. އެކޮޓަރީގެ ދޮރުހުރީ ހުޅުވާލާފައެވެ. ޝާރިޤަށް ބުނާނެ އެއްޗެއް ނޭގިފައި ހުރެވުނީއެވެ.

“ކީއްކުރަންތޯ ނާހާނަންތަ؟” ޒޯޔާ އަހާލިއެވެ. “ޒޯ…..” ޝާރިޤަށް ބުނެލެވުނީއެވަރަށެވެ. “އަހަރެން ޝާރިޤުއަށް އޮޅުން ފިލުވަދޭން ބޭނުންވާ އެއްޗެހި ހުރީމަ މިއައީ….” ޒޯޔާގެ އަޑުވެސް ތުރުތުރު ލައެވެ. “ބުނެބަލަ…” ޝާރިޤު އިސްޖަހާލަމުން ބުނެލިއެވެ.

“ޝާރިޤު، އަހަރެން ލޯބިވީ ހަމައެކަނި ޝާހިޤު ދެކެ، އަހަރެންގެ މޭގާ މިހިނގާ ހިތަކީ އޭނަގެ އެއްޗެއް، އަހަރެންގެ އަތުގައި ޝާރިޤަށް ދޭނެ އެކައްޗެއްވެސް ނެތް……..އަހަރެންގެ ދެކުދިންނަކީ އަހަންނަށާ ޝާހިޤަށް ލިބިފައިވާ ކުދިން، ޝާރިޤު އެފަދަ ބޮޑުބުރައެއް އުފުލަން ތިއުޅެނީ ކީއްވެ………މިއަދު ތިހެން އަހަރެން ބޭނުންވެގެން އުޅުނަސް އަހަންނާ އަހަރެންގެ ކުދިން ބަލަންޖެހުނީމަ ޝާރިޤަށްވެސް އޮންނާނީ ނުވެފަ، އަހަރުމެން ބުރައަކަށް ވެފަ، ވީއިރު ކީއްވެ ތިހެން ތިއުޅެނީ…….އަހަންނަށްވުރެ މާރަގަޅު ކުދިން ޝާރިޤަށް ލިބޭނެ…..އަހަރެންގެ ނިކަމެތިކަން އިމްތިހާން ކުރަންތަ ބޭނުންވަނީ…..” ޒޯޔާގެ ކޯތާފަތް ތެމެމުންދިޔައެވެ.

“ޒޯ، އަހަރެން ޒޯ އިމްތިހާން ކުރާކަށް ނޫޅެން، އެހުރިހާ އަންހެނުންގެ ތެރެއިން އަހަންނަށް ލޯބިވެވުނީ ޒޯޔާދެކެ، ޒޯ ގެ ހަގީގަތް ރަގަޅަށް އެނގިހުރެގެން އަހަރެން ޒޯދެކެ އަދިވެސް ލޯބިވެއޭ މިބުނަނީ، އަހަންނަށް ޒޯއެއްވެސް، ޒޯޔާ އާއި ޝާހިޤުއަށް ލިބިފައިވާ ކުދިންނެއްވެސް ބުރައަކަށް ނުވާނެ……….މީ އަހަރެން ޒޯޔާގެ ލޯބީގެ އަވާގައި ބުނާއެއްޗެއް ނޫން” ޝާރިޤު ބުނެލިއެވެ.

“ޝާރިޤަށް އަހަރެން ޝާހިޤުގެމަތިން ހަނދާން ނައްތާލެވިދާނެތަ، އަހަރެންގެ ލޯބިހޯދިދާނެތަ…….ޝާރިޤުގެ ދަރިންނޫން ކުދިންތަކެއްގެ ބައްޕައަކަށް ވެވޭނެތަ………” ޒޯޔާ ޝާރިޤާ ގާތް ވެލަމުން ބުނެލިއެވެ.

“އަހަންނަށް ޒޯޔާ ޝާހިޤުގެ މަތިން ހަނދާންނައްތައެއް ނުލެވޭނެ، އެކަމަކު އަހަރެން ޒޯޔާގެ ތިހިތުގައި އަހަންނަށްޓަކާ ޖާގައެއް ހަދާނަން، އަހަރެންގެ ދަރިންނަށް އާޔާ އާއި އަލްވިން ނުވިޔަސް އަހަރެން އެކުދިންގެ ބައްޕައަކަށް މުޅިއުމުރަށް ވެދޭނަން، ޒޯޔާއަށް ޓަކާ އަހަރެންގެ ހުރިހާއެއްޗެއް ގުރުބާން ކުރާނަން………އެއްފަހަރު ވިޔަސް ޒޯ…………..އެއްފަހަރު ވިޔަސް އަހަންނަށް ފުރުޞަތެއް ދީބަލަ…..އަހަރެން މިހުރިހާ ކަމެއް ޒޯއަށް ސާބިތުކޮށްދޭނަން………ދުވަހަކުވެސް، ދުވަހަކުވެސް ތިހިތް ރޮއްވާނުލާނަން……..އެއަށްވުރެ މާލޯބިވޭ……” ޝާރިޤު ޒޯޔާގެ އަތުގައި ހިފައި ގެނެސް އޭނަގެ މޭގައި ބޮނޑިކޮށްލިއެވެ. ޒޯޔާ ދެފަހަރަކު ތެޅިގަތެވެ. އެކަމަކު ޝާރިޤުގެ އެބާރުގަދަ އަތުގެ ތެރެއިން ދޫވެގެން ދިއުންވީ އުނދަގޫކަމަކަށެވެ. ޒޯޔާ ޝާރިޤުގެ މޭގައި ލައްވެލިއެވެ. ޝާރިޤު އޭނަގެ އަތުގެ ތެރޭ ޒޯޔާ ބާރުކޮށްލިއެވެ.

“އަހަރެން ކިހިނެތް ހަދާނީ………..ކިހިނެތް ހަދާނީ………..އަހަރެން މިތަނުން ގެންދޭ……….” ޒޯޔާއަށް ގިސްލަމުން ބުނެވުނެވެ. އޭނަ ވިސްނާ ވިސްނާ ވަރުބަލިވީއެވެ. ގޮތްހުސްވީއެވެ. ޝާހިޤު އޭނަބަލާ ދެން ނާނެކަން ހިތަށްވަތްހިނދުއެވެ. ދެލޯ ފަދަ ލޯބިވާ ކުދިންނަށް ބައްޕަ ހޯދަދޭން ނުލިބުމުންނެވެ. ޝާރިޤުގެ އަތުގެ ތެރޭ ހުރިޒޯޔާ ހީވަނީ ކުދިކުދިވަނީހެންނެވެ.

“އަހަރެންނާއެކު ދާނަންތަ…………އާ ޒޯ އަހަރެންނާއެކު ދާނަންތަ، ބުނޭ……….ބުނޭ ޒޯ، އަހަރެންނާއެކު ދިރިއުޅުމުގެ އާހުޅުކޮޅު ދިއްލާލުމަށް، އަހަރެންގެ މިއަތުގައި ހިފާނަންތަ، އަހަރެން ޒޯ ގެންގޮސްދާނަމޭ……” ޝާރިޤު ޒޯޔާގެ އިސްތަށިގަނޑުގައި ބޮސްދެމުން ބުނަމުން ދިޔައެވެ.

“އާ………އާ……….އާ………….” ޒޯޔާ ބޯޖަހަމުން ދިޔައެވެ. ޝާރިޤަށް އެއަޑު އިވުމާއެކު އުފަލުން ގޮސް ދެލޮލުން ކަރުނައެވެ. އުފަލުން ގޮސް ޒޯޔާ އުރާލިއެވެ. އެވަގުތު އާޔާގެ ރުއިމުގެ އަޑު ޒޯޔާގެ ކަންފަތުގައި ޖެހުނެވެ. އޭނަ ކޮޓަރިއަށް ދާން އަވަސްވެ ގަތެވެ. ޒޯޔާ އޭނަގެ ލޯފޮހެލިއެވެ. ޝާރިޤު ޒޯޔާ ދާން އުޅުމުން އޭނަގެ އަތުގައި ހިފަހެއްޓިއެވެ. އަދި އެއްފަހަރު އެމޫނު ބަލާލުމަށެވެ. “އާޔާ……” ޒޯޔާއަށް ބުނެލެވުނެވެ. ޝާރިޤު ޒޯޔާގެ އަތްތިލައަށް ބާރުކޮށްލުމަށްފަހު ދޫކޮށްލިއެވެ.

ހެދުނުހެދުނާ ޝާހިޤު އޮފީހަށް ނުކުމެގެން ދިޔަކަމެއް ނައުރީންއަކަށް ނޭގެއެވެ. އޭނަ އޮތީ ގަދަ ނިދީގައެވެ. ޝާހިޤު ޝަކުވާނުކުރިކަމުގައި ވިޔަސް އޭނަ ނާދިއާގެ ކެއްކުން ގަނޑުގެ ރަހަމަތިން ހަނދާންވެއެވެ. ހެދުނު ސައިބުއިމަށް އެންމެން ކާމޭޒު ކައިރީގައި ތިބެޖަހާ ސަކަރާތުގެ މަތިންވެސް ހަނދާންވެއެވެ. ޝާހިޤު މިހާރު ސައިބޯން ދަނީ އޮފީހުގައި އުޅޭ ރަޙްމަތްތެރިންނާއެކުއެވެ. ޝާހިޤުގެ ދަށަށް މަސައްކަތްކުރާ ބައެއް މުއައްޒަފުން އޭނައަށް ކުރާ ގަދަރުވެސް ކުޑަވާން ފެށިއެވެ. އޭނައަށް އެއީ ކީއްވެގެންކަންވެސް އެނގެއެވެ. އޮފީސްތެރޭ އޭނަގެ ވާހަކައެއް ދެކެވިއްޖެނަމަ އެމުވައްޒަފަކަށް ހަރުކަށިކޮށް ފިޔަވަޅު އެޅީމަ އެނިމުނީއެވެ.

މެންދުރު ކުޑަމީހާ ފެންވަރުވަން ނާދިއާ ޒޯޔާގެ ކޮޓަރިއަށް ވަނުމުން އޭނައަށް ޖަވާބު ލިބިގެން ދިޔައެވެ. ނާދިއާގެ މޫނުމަތިން އުފާވެރިކަން ފެނުނެވެ. އެކަމަކު ޒޯޔާގެ މޫނުމަތިން އުފާވެރިކަމެއްވެސް ހިތާމައެއްވެސް ފެންނާކަށް ނެތެވެ. ނާދިއާ ދެވަނަފަހަރަށްވެސް ޒޯޔާގެ ޖަވާބު ޔަގީންކުރިއެވެ. އަދި ގިނަދުވަސްތަކެއް ނުކޮށް ކައިވެނި ކުރަން ފެންނަވާހަކަ ނާދިއާ ބުނެލިއެވެ.

އެދުވަހުގެ ހަވީރުވީއިރު ގޭގެ އެންމެނަށް އެހަބަރު ލިބިއްޖެއެވެ. އެންމެން ޒޯޔާއަށް މަރިޚަބާ ކިޔެވެ. އެންމެންގެ ހެޔޮ ދުޢާތައް ލިބެންފެށިއެވެ. ޒޯޔާއަށް އޭނަ ޝާރިޤާ ކައިވެނި ކުރުމަކީ ގޭއެންމެންގެ އެދުމެއްކަން އެނގުނެވެ. ޝާދިން ޝާރިޤު ގާތު ވަރި ސާބިތު ކުރުމަށް ފުރަންޖެހޭ ފޯމު ނެގުމަށް ބުންޏެވެ. ޒޯޔާއަށް އޭނަ އެހެން މީހެއްގެ މިލްކަކަށް ވާކަށް މާގިނަދުވަހެއް ނެތްކަން ހިތަށްއަރާ ކޮންމެފަހަރަކު ހިތްއަވަސްވެ އެވެ.

އިރުއޮއްސި ހަގަޑި ބައިވަނިކޮށް ނައުރީން ގޮސް ސަލްސާ ކެފޭއަށް ވަނެވެ. ތަންކޮޅެއް އެތެރޭގައި އިން މޭޒެއްގައި އިން އަންހެން ކުއްޖެއް ނައުރީންއަށް ހަނާއަޅާލިއެވެ. “ޖުމް……އަހަރެން ހީކުރީ ބޭރުގަ މަޑުކޮށްލާނީ ކަމަށް އަހަރެން އަންނަންދެން” ނައުރީން ގޮނޑީގައި އިށިންނަމުން ބުނެލިއެވެ. “މިމޭޒު ނަގަންވެގެން އަސްލު ކުރިން ވަނީ” ޖުމާ ބުނެލިއެވެ. ނައުރީން އައިސް އިށީނުމާއެކު ވެއިޓަރެއް އައިސް ނައުރީންގެ އޯޑަރުނެގިއެވެ. “ބޯއިފުރެންޑާއެކުތަ ތިއައީ……” ޖުމާ އަހާލިއެވެ. “ނޫން، ޓެކްސީއެއްގަ، ތިއެއްނޫނޭ، ކޮންވާހަކެއްތަ ދައްކަން ތިއުޅެނީ……ބުނީ މެއްނު ވަރަށް ބޮޑު ވާހަކައެކޭ………އޭ، އަނެއްކާ ޕްރެގް އީތަ؟” ނައުރީން އަހާލިއެވެ.

“ނައު އަހަރެންގެ ވާހަކައެއްނޫނޭ، ނައުގެ ވާހަކައެއް އެއީ…” ޖުމާ ބުނިއެއްޗަކުން ނައުރީން ހައިރާންވިއެވެ. ނައުރީންގެ ކޮންވާހަކައެއް ބާއޭ އޭނަ ހިތަށްއެރިއެވެ. އަދި ކިހިނެތްވީތޯ ސުވާލުކުރިއެވެ. “އަހަރެންގެ ހަޒް ވޯރކް ކުރަނީ ނައުގެ ބޯއިފުރެންޑުމެންގެ އޮފީހުގަ، ޝާހިޤުއަކީ އެމީހުންގެ ބޮސް، އޭނަ ކުރިން މެރީކުރި ދޯ………” ޖުމާ އަހާލި އެއްޗަކުން ނައުރީން ހައިރާނެއް ނުވިއެވެ.

“ހޫމް، އޭނަގެ އެކްސް ވައިފެއް ހުންނާނީ، މިހާރު ހުންނަނީ ވަރިކޮށްފަ، ކިތަންމެ ދުވަހެއް…….” ނައުރީންއަށް އެކަން އެނގޭތީ ޖުމާއިނީ ހައިރާންވެފައެވެ. އޭނަ ބުނެލިލެއް ފަސޭހަކަމުންނެވެ. ހިތަށް އެއްވެސް އެއްޗެއް އެރިހެނެއް ހިޔެއް ނުވެއެވެ.

“އޭނަގެ ކުދިން ގާތަށް ދޭތަ………” ޖުމާއަށް ހައިރާންވެ އިނދެ އަހާލެވުނެވެ. ނައުރީން ޖުމާއަށް ޝާހިޤުގެ ހުރިހާ ވާހަކައެއް ކިޔާދިނެވެ. “އަހަރެން ހީކުރީ ނައުއަށް ނޭގިކަމަށް މިހުރިހާ ކަމެއް މިވަނީ، އެހެންވެ ހިތުން އައީ ނައުއަށް އެވާހަކަތައް ކިޔާދޭން، ޒޭންވެސް ބޭނުންވީ ނައުއަށް އެކަން އޮޅުންފިލުވަދެން……..އަހަރެން މިއަދު ވަރަށް ދެރަވެއްޖެ، ނައުރީންއަކީ އަހަރެންގެ ބެސްޓު ފުރެންޑަށް ވެ ހުރެ ތިކުރިކަމަކުން………..ނައުއަށް އެނގޭތަ، ޒޭން ޝާހިޤު އާއި ޒޯޔާގެ ޕާޓީއަށް ދިޔަ، އެމީހުންނަށް ޝާހިޤުގެ އަންހެނުން އެނގޭ، ޝާހިޤު ކަންތައްކުރި ގޮތާއިމެދު އެއޮފިސް ތެރޭވެސް ފާޑުފާޑުގެ ވާހަކަތައް ދެކެވޭ……….އޭނަ ހޯދަން އެގޭ މީހުންވެސް އޮފީހަށް އައިކަމަށްވަނީ، އޭނަގެ އަންހެނުން ވިހައިގެން………..ދަރިން ދެކިލަންވެސް ނުދިޔަ ބަފައެއް އެނޫނީ ހުންނާނެ ހެނެއް ހިޔެއްނުވޭ………..ކިހާ ރަހުމު ކުޑަވީމަ އެހެން ހަދާނީ…….ނައުއަށް ޔަގީންކަން އެބައޮތްތައް އޭނަ ނައު އާއި މެރީކޮށްފަ އެހެން ނުހަދާނެކަމުގެ ގެރެންޓީއެއް، ނައުރީނަށް ކިހިނެތް އެނގެނީ އޭނަ މިހާރުވެސް އެހެންމީހުންނާ ވާހަކަ ނުދައްކާނެ ކަމެއް، އެކަހަލަ މީހުން އުޅޭނީ އަބަދުވެސް ރީތިއަންހެން ކުއްޖެއް ފެންނައިރަށް ވާވައްދާލަންވެގެން………އާހިރުގަ ދެރަލިބޭނީ ނައުމެން ކަހަލަ ކުދިންނަށް………..އެމީހުން ދެއަތްފޮޅާލާފަ ދާނީ………ނައުރީންވެސް ތީ އަންހެނެއް، ހަމަ ހިތަށް އެއްޗެއް ނޭރިތަ އޭނަ އަންހެނުން ވަރިކޮށްފައޭ މިއައީ ބުނީމަ، ނައުރީން ޝާހިޤުގެ ދަރިއަށް ބަލިވެ އިންދާ، އެހާލުގަ ޝާހިޤު ނައުރީން ވަރިކޮށްލާފަ ދިއުމުން ނައުރީންއަށް ވާނެގޮތް އަމިއްލަ ހިތައް ނިކަން އަރުވާލަބަލަ……….ނައު، އަހަންނަކީ ތި ސްޓައިލަށް އުޅޭ މީހެއްނޫން، އެހެންވެ އަހަންނަކަށް ކަމަކުވެސް ނުދާނެ ތިފަދަ ގޮތްގޮތެއް………..އަހަރެންނަށް އެގެނީ ޒޭން އަހަންނަށް އެހެން ހަދައިފިއްޔާ އަހަރެން ރޮއެރޮއެ މަރުވެސް ވެދާނެކަން………އަދި އަމުދުން ތިމާގެ ފިރިމީހާ ގޮސް ހިލޭ އަންހެނެއްގެ ގާތުގައި އޮންނައިރު ހިތަށް ތަދުނުވާނެ އަންބެއް ހުންނާނެ ހެނެއް ހިޔެއްނުވޭ…….އެއްފަހަރުވެސް ނައުރީން ތިކަންތައް ކުރުމުގެ ކުރިން ވިސްނާލިނަމަ، ތިމާއަށް މިވަދެވެނީ ކިހާވަރެއްގެ ދޭތެރެއަކަށްކަން ވިސްނާލިނަމަ، ޖެހި ފިތުނީމަ ދެންހުންނަ މީހާ ބުރުވާލާފަ ތަންހަދަންވީއެއްނޫނޭ……….ނައުއަށް މީހެއްގެ ފިރިއެއް ނޫނީ ނުވީތަ……..އޭނައަށްވުރެ ހާސްބައި ރީތި ރަގަޅު މީހުންވެސް ނައުއަށް ވާނެ، ވީއިރު ކީއްވެ ނައު ޢާއިލާއެއްގެ ތެރެއަށް ތިވަނީ……..މީހުން ބުނާއިރު ވިސްނައެއްނުލާނެ މިގުޅުމުގަ ޝާހިޤުވެސް ކުއްވެރިވާކަމެއް، ކޮންމެ މީހަކުވެސް އިނގިލި ދިއްކުރާނީ ނައުއަށް، ބުނާނެ ހަމަޖެހިގެން އުޅުނު ދެމަފިރިންގެ ދޭތެރެއަށް ވަނިއްޏޭ……….އަހަރެން ބޭނުމެއް ނޫން މިއަދު ޝާހިޤުގެ އަންހެނުންނަށް ޖެހިފަ އިން ހާލު، މާދަމާ ނައުއަށް ޖެހޭކަށް…..އަމިއްލަ އަންހެނުންނަށް ހިލޭ އަންހެނަކަށްޓަކާ އެވަރުކުރަން ކެރުނު މީހެއްގެ މޭގައި އޮންނާނި ހިތެއް ކަމަކަށް އަހަންނަކަށް ގަބޫލެއް ނުކުރެވޭނެ، އަދި ނުވެސް ކުރާނަން…….” ޖުމާ އިނީ ނައުރީންދެކެ ވަރަށް ރުޅިވެސް އައިއްސަ އަދި އެހާ ދެރަވެސް ވެފައެވެ.

“ޖުމް………އަހަންނަކީ ތިހީކުރާހާ ނުބައި މީހެއް ނޫނޭ……އަހަންނަށް ޝާހިޤު ދެކެ ލޯބިވެވުނީ، އަހަރެންނަށް ޝާހިޤު ބޭނުންވެފަ ހުރިވަރުން އެހެންމީހެއްގެ ބޭނުންތަކާ ހައްޤުތައް ނިއުޅައިގަނެވުނީ…….އަހަރެން ދެން ކިހިނެތްތައް ހަދަންވީ……..” ނައުރީން މޭޒުމަތީއޮތް ޖުމާގެ އަތުގައި ހިފާލަމުން ބުނެލިއެވެ.

“ނައު، އަހަންނަށް އެނގޭ އެއްޗަކީ، އަހަންނަށް ނައުތިގުޅުން ކުރިއަށްގެންދާކަމުގަ ވާނަމަ ނައުގެ އެންމެ ގާތް ރަހްމަތްތެރިޔާއަކަށް ނުވެވޭނެކަން، އަހަރުމެން ދެމީހުންގެ މިގުޅުން ޖެހޭނީ ކަޑާލަން……އަހަންނަށް ޔަގީނެއްނޫން މިހާރު ނައުވެސް އިންގޮތެއް………ތިއުޅެނީ އޭނައާއެކީ ސައުވިސް ގަޑިއިރު، އެކީގަ ކަނީ ، އެކީގަ ނިދަނީ………..ކައިވެނިވެސް ކުރީކީ ނޫން………ތީ ކޮންކަހަލަ އުޅުމެއް، އަހަރެން ކައިރީ ނައު މިނޫނީ ނުބުނޭ އޭނައާއެކު ދިރިއުޅޭ ވާހަކައެއްވެސް، ނައުއަށް ދަސްވެފަ ތިހިރީ ކޮންކަހަލަ އުޅުމެއް…..ލަދުވެސްގަނޭ……އަހަންނަށް އެނގޭ އަހަރެން މިހެން ބުނާކަށްވެސް ނުޖެހޭނެކަން………..” ޖުމާ ބުނެލިއެވެ.

ނައުރީން އިނީ ވަރަށް ދެރަވެފައެވެ. އޭނައަށް މީގެ ކުރިން މިހުރިހާ އެއްޗެއް ހިތަށް ނޭރީ ކީއްވެބާއެވެ. ޝާހިޤު އޭނަގެ ގާތަށް އައިގޮތަށް އެހެންމީހެއްގެ ގާތަށްވެސް ގޮސްދާނެކަން ނުވިސްނުނީ ކީއްވެބާއެވެ. “ޖުމް، ތީ އަހަރެންގެ ކުޑައިރުއްސުރެ ހުރި ހަމައެކަނި ރަޙްމަތްތެރިއަކީ………އަހަންނަށް ތިހާ ނަފުރަތު ނުކުރޭ، އަހަންނަށް މިއެކުވެރިކަން މުހިއްމު އެހެންއެއްވެސް ކަމަކަށްވުރެން…………” ނައިރީންގެ އަޑުންވެސް އޭނައިނީ ދެރަވެފަކަން އެނގުނެވެ.

ޖުމާއަށް އިތުރަށް ވާހަކައެއް ނުދެއްކުނެވެ. އޭނަގެ ރަޙްމަތްތެރިޔާގެ ޢަމަލުތައް އެހިސާބަށް ދާނެއެކޭ ހިތަކަށް ނާރައެވެ. އޭނަ ދެރަވެސް ވިޔެވެ. ރޮވިދާނެތީ މޭޒުމަތީ ފައްސަތޭކަ ރުފިޔާ ބޭއްވުމަށްފަހު ތެދުވެ އެތަނުން ނުކުންނަށް ހިނގައިގަތެވެ. ނައުރީން ޖުމާއަށް ދެތިން ފަހަރު ގޮވާލިއެވެ. ޖުމާ ބަލާވެސް ނުލިއެވެ. ކައިރީގައި ތިބި މޭޒުތަކުގައި ތިބި މީހުން ބަލަންފެށިއެވެ.

ނައުރީން ގެއަށް އައިގޮތަށް އެނދުމައްޗަށް ވެއްޓިގަތެވެ. އޭނަ ބާލީހުގައި މޫނުފޮރުވައިގެން އޮވެ ރުޔެވެ. އޭނައަށް މިހާތަނަށް ކަންތައް ކުރެވެމުން އައިގޮތާއިމެދު ވިސްނާ ފިކުރު ހިންގިއެވެ. އޭނަ ޝާހިޤުދެކެވެސް ލޯބިވެއެވެ. އެއީ އޮޅުވާލުމެއް ނޫނެވެ.

ޖެހިގެން އައިދުވަހު ޝާރިޤު ވަރީގެ ފޯމު ހިފައިގެން ގޮސް ޝާހިޤުގެ އޮފީހަށްވަނެވެ. ނަސީބު ދިމާކުރިގޮތުން އެވަގުތު ޝާހިޤު ބޭރަށް ނުކުތުމަށް އައިސް އޮފީހުގެ ދޮރުހުޅުވާލަނީއެވެ. އޭނައަށް ޝާރިޤު ފެނުމާއެކު ހުއްޓުން އެރިއެވެ. ކިހިނެތްތޯ އަހާލާހިތްވިއެވެ. ޝާރިޤު އިތުރު އެއްވެސް އެއްޗެއް ނުބުނެ ފޯމު ދިއްކޮލިއެވެ. ޝާހިޤު ފޯމުގައި ހިފާލިއެވެ. އަދި އެބާލާލިއެވެ. އޭނައަށްލިބުނީ ޝޮކެކެވެ. ޝާރިޤަށް ބަލާލިއެވެ. “ފަ…ފަހުން ދޭނަން……..” ޝާހިޤު ބުނެލިއެވެ. “ތީގަ ނީންނާނެ އިތުރަށް ޝާހިޤު ފުރަންޖެހޭ ތަނެއް، ސޮއެ ކޮއްލާ މިހާރު…….ގަލަމެއް ދޭންވީތަ…..” ޝާރިޤުގެ އަޑުގައި ވަނީ ހަރުކަށިކަމެވެ. ޝާހިޤު އެއްވެސް އެއްޗެއް ނުބުނެ ޖީބުން ގަލަން ނަގާ ސޮއެކޮށްލިއެވެ. އެ ފޯމު ޝާރިޤަށް ދިއްކޮއްލިއެވެ. އޭނަ ވަގުތުން ފޯމު ހިފައިގެން ދިޔައީއެވެ. ޝާހިޤަށް އެއްޗެއް އަހާލާނޭހާ ފުރުޞަތެއް ނުލިބުނެވެ.

މެންދުރުފަހު ތިނެއްޖެހިއިރު ނައުރީން އިނީ އެއާރޕޯޓް ޑިޕާރޗާރ ހޯލްތެރޭގައެވެ. ހަތަރުގަޑިބައިގައި ފުރަން އޮތް އީ.ކޭ 654 ފުލައިޓުން އޭނަ އެނބުރި ލަންކާއަށްދަނީއެވެ. ޑީޕާރޗަރ ހޯލްގައި ހުރިގޮނޑިތަކުން ގޮޑިއެއްގައި އިށީދެލައިގެން އިންއިރު އޭނަގެ ހިތަށްއެތަކެއް އެއްޗެއް އަރަމުން ދިޔައެވެ. ނައުރީނަށް އޭނަގެ އަތުގައި އޮތް ފޯނަށް ބަލާލެވުނެވެ. އެފޯނު ވަނީ ނިއްވާލާފައެވެ. އެތަކެއް ފަހަރު ނައުރީންގެ ހިތުގައި އޭނައަށް ކަންތައް މިކުރެވެނީ ރަގަޅަށް ބާއޭ ސުވާލު އުފެދެއެވެ. ޝާހިޤުއަށް ނޭގި އެގޮތަށް ފުރައިގެން ދިއުމުން ޝާހިޤު އޭނައާއި ދޭތެރޭ ދެކޭނޭގޮތަކާއިމެދުވެސް ވިސްނުނެވެ. އެހުރިހާ ސުވާލެއް ހިތަށް އަރަމުންދިޔައިރުވެސް ނައުރީން އޭނަގެ ނިންމުން ބަދަލުކުރާކަށް ބޭނުމެއްނުވިއެވެ. އޭނަ މިއަދު ބޭނުންވަނީ އޭނައަކީ ޖުމާ ހީކުރާފަދަ އަންހެނެއްނޫންކަން ސާބިތުކޮށްދޭށެވެ. އޭނަގެވެސް ހިތެއް ވާކަން ޖުމާއަށް ބުނެދޭށެވެ. އިރާދަފުޅާއެކު އޭނަ ދެން ދުވަހަކުވެސް އެނގިހުރެ މީހެއްގެ ދިރިއުޅުމުގެ ތެރެއަށް ނުވަންނާނެއެވެ.

ޝާހިޤު އޮފިސް ނިމުމުން ނައުރީންގެ ގާތަށް ދިއުމަށް މިސްރާބުޖެހިއެވެ. އެހެންދުވަސް ދުވަހަށްތުރެން ބާރަށް ޝާހިޤު ސައިކަލު ދުއްވިއެވެ. އަވަހަށްދާންށެވެ. މެންދުރުން ފެށިގެން ނައުރީންގެ ފޯނު ނިއްވާލާފައި އޮންނާތީއެވެ. އޭނަ އައިސް އޭނަގެ އަތުގައިވާ ތަޅުދަނޑިން ދޮރުހުޅުވާލިއިރު ގޭތެރެވަނީ ހަމަހިމޭންވެފައެވެ. ދޮރުލައްޕާލަމުން ޝާހިޤަށް ނައުރީންއަށް ގޮވާލެވުނެވެ. ހަބަރެއް ނުވުމުން އަވަސް އަވަހަށް ކޮޓަރިއަށް ދެވުނެވެ. ހުރިހާ އެއްޗެއް ތަރުތީބުކޮށް ހުއްޓެވެ. އެތަނުގައި މަދީ ނައުރީންނެވެ. ޝާހިޤު އަނެއްކާވެސް ފޯނުނަގާ ނައުރީންއަށް ގުޅަންފެށިއެވެ. އަދިވެސް ފޯނުވަނީ ނިއްވާލާފައެވެ. ގަޑިން ފަހެއްޖެހިތަނާހެން އެނދުކައިރީ އިން ގަޑި ސޯނާވާ އަޑުއިވުނެވެ. ހާސްވެފަ ހުރިވަރުން ޝާހިޤުގެ ގާތަށް ރުޅިއައެވެ. އެގަޑީގަ ސޯނާވީތީއެވެ.

ކުއްލިއަކަށް ޝާހިޤު އެ ގަޑިނިއްވާލަން އުޅެނިކޮށް އޭނަގެ ލޮލުގައި އަޅައިގަތީ ގަޑީގެ ދަށުގައިވާ ހުދު ސިޓީއުރައެވެ. އެތަނުގައި އޭނަހެދުނު ހޭލިއިރު އެސިޓީއުރައެއްނެތެވެ. ޝާހިޤުގެ ހިތް އަވަސްވާންފެށިއެވެ. ނައުރީން އަނެއްކާ މިއަދު ކޮން ސަކަރާތެއް ޖަހާދުވަހެއްބާއޭ ހިތަށްއެރިއެވެ. ސިޓީއުރަ އޮތީ ބަންދުނުކޮށް ކަމަށްވާތީ ޝާހިޤު އޭގެތެރޭގައި ފަތްޖަހާލައިފައި އޮތް ކަރުދާސް ނެގިއެވެ. އެއީ ނައުރީން ޝާހިޤަށް ލިޔެފައިވާ ނޯޓެކެވެ.

ނޯޓުގައިވާ އެއްޗެއް ކިޔާނިމުނުއިރު ޝާހިޤަށް ހީވީ މުޅިދުނިޔެވެސް އެނބުރިގަތްހެންނެވެ. އޭނައަށް ބޮލުގައި ހިފަހައްޓާލެވުނެވެ. ދެތިން ހަތަރު ފަހަރަށް އެނޯޓު ކިޔާލެވުނެވެ. އޭގައި މާދިގުކޮށް ލިޔެފަކައި ނުވެއެވެ. ނައުރީން އެނބުރި މަންމަގެ ގާތަށް ދިޔަވާހަކައެވެ. އޭނައަށް މިގޮތަށް ކަންތައްކުރަން ޖެހުމުން މާފުކުރުމަށެވެ. ޝާހިޤުއާއި އެކު ހޭދަކުރި ދުވަސްތަށްމަތިން އޭނަ ދުވަހަކުވެސް ހަނދާންނުނެތޭނެ ވާހަކައެވެ. އެކަމަކު މިއަދު އޭނަ ބޭނުންވަނީ ޝާހިޤު އެނބުރި ޒޯޔާގެ ގާތަށް ދިއުމަށެވެ. ޝާހިޤު ޒޯޔާގެ ގާތުން މާފަށް އެދިއަލުން ޒޯޔާއާއިއެކު އާހަޔާތެއް ފެށުމަށެވެ. ޝާހިޤުގެ ކުދިންނަށް ބައްޕައެއްގެ މަތިވެރި ލޯބި ދިނުމަށެވެ. އެހެނީ ނައުރީންއަށްވެސް އޭނަގެ ބައްޕަގެ ލޯތްބެއް ނުލިބެއެވެ. ޝާހިޤު ގެއަށްދާން ބޭނުންވަންދެން ނައުރީންގެ އެޕާރޓްމެންޓުގައި ހުރެވޭނެ ވާހަކައެވެ. ސަކީނާ ބަރާބަރަށް ޝާހިޤު ހުރިހާ ދުވަހަކު އެގޭގައި ކައްކާ ހަދާދޭނެ ވާހަކައެވެ. ނައުރީންގެ އެ އެދުން ޝާހިޤު ފުރިހަމަކޮށްދޭނެ ކަމަށް ހީކޮށް ނިންމާލާފައިވެއެވެ.

ޝާހިޤުއަށް އެކަރުދާސް އަތުގެ ތެރެއަށް ބޮނޑިކޮށްލެވުނެވެ. އަދި އެތަށްފަހަރަކު ނައުރީން އެހެންކަންތައް އެކުރީ ކީއްވެބައޭ ހިތަށްއެރިއެވެ. “ކީއްވެ ނައު………..ކީއްވެ………ކީއްވެ ދެން މިހާރު…..” ޝާހިޤަށް އެއްވެސް އެއްޗެއް ނުވިސްނުނެވެ. އޭނަ އެނދުމައްޗަށް އުޑުން ވެއްޓުނުގޮތަށް އޮތީއެވެ.

ހަފްތާއެއް ނިމުނުއިރު ޒޯޔާއަށް ވަރީގެ ސެޓްފިކެޓް ލިބުނެވެ. ކޯޓަށް ގެންދިޔަ ދުވަހު ޒޯޔާއަށް ޝާހިޤު ފެނުމާއެކު މުޅިހަށިގނޑު ފިނިވެގެންދިޔައެވެ. ޝާހިޤަށްވެސް އެފަދަ އިހްސާސެއް ކުރުވިއެވެ. ޒޯޔާ މިލާމޯޅިވެފައިވާ ވަރު ޝާހިޤަށް އެދުވަހުފެނުނެވެ. ވާހަކަދައްކާލަން ހިތަށް އެރިއެވެ. އެކަމަކު ކޯޓުން ނުކުމެގެން ދަންދެންވެސް ޒޯޔާއަށް ބަލާލުން ފިޔަވާ އިތުރުކަމެއް ޝާހިޤަކަށް ނުކުރެވުނެވެ. ދެކުދިން ކޮބާތޯވެސް އަހާލާހިތްވިއެވެ. ޒޯޔާ އިސްޖެހިގޮތަށް ޝާހިޤަށް ދެވަނަފަހަރަށް ބަލާވެސް ނުލިއެވެ. އޭނަގެ ހިތުގައިވާ ލޯތްބެއްގެ ބޮޑުކަމުންނެވެ. އޭނަގެ ހިތުގެ ނިންމުން ބަދަލުވެދާނެތީއެވެ.

ޝާރިޤުއާއި ޒޯޔާގެ ކައިވެނި ޖެހިގެން އައިހަފްތާގެ ހޯމަދުވަހުގެރޭ ކުރެވުނެވެ. ގޭގެ އެންމެންގެ މޫނުމަތިންވެސް ހިތްހަމަޖެހުން ފެނުނެވެ. ޒޯޔާ މިރޭން ފެށިގެން ޝާހިޤަށް އަލްވަދާއު ކީއެވެ. އެހިތުގައި ޝާހިޤުގެ ލޯބި ފޮރުވީއެވެ. އެކަކަށްވެސް ނުފެންނާނޭފަދަ ހިސާބެއްގައެވެ. ޒޯޔާ ޝާރިޤުގެ އަލަތު އަންބިމީހާގެ ގޮތުގައި އެކޮޓަރިއަށްވަނެވެ. އޭނަ ހުރީ ނިދާހެދުންލާންވެސް ޖެހިލުންވެފައެވެ. “ޒޯ…….އާދެބަލަ…..” ޝާރިޤު އޭނަގެ ގާތަށް އައުމަށް ބުންޏެވެ. ޝާރިޤުގެ މޫނުމަތިން އުފާވެރިކަން ފެންނަން ހުއްޓެވެ. ޒޯޔާ ޝާރިޤުގެ ގާތުގައި އިށީނެވެ. ޝާރިޤު ލޯބިގޮތަށް ޒޯޔާގެނެސް ގާތްކޮށްލިއެވެ. “އަހަރެން މިރޭ ވަރަށް އުފާވެއްޖެ……” ޝާރިޤު މަޑުމަޑުން ބުނެލިއެވެ.

ޝާރިޤު ނިދަން ތައްޔާރުވީއިރުވެސް ޒޯޔާ އިންގޮތަށް އިނީއެވެ. “ޒޯ، ނުނިދާނަންތަ……..އާދޭ ދެން އެއްޗެހިބަދަލް ކޮށްލައިގެން ނިދަން…” ޝާރިޤު އޯގާތެރިކަމާއެކު ބުނެލިއެވެ. ޒޯޔާގެ ހިތް ބާރަށް ތެޅެމުންދިޔައެވެ. މިރެއަކީ ޝާރިޤުގެ އާކައިވެނީގެ ރެއަށްވިޔަސް، ޒޯޔާއަށް އާކައިވެނީގެ ފުރަތަމަރޭ ހިނަގައްޖެއެވެ. އެރޭގެ ފޮނިކަމާއެކު ލިބުނު ހިތިކަން އަދި ޒޯޔާ ހަނދާނެއް ނުނެތެއެވެ. އެކަން ޝާރިޤަށް ނޭގެނީބާއޭ ޒޯޔާގެ ހިތަށް އެރިއެވެ. ޒޯޔާ އޭނަގެ އަމިއްލަ ހިތާ ނަފްސަށް މަޖޫބޫރުކުރާ ހާލުގައި ނިދާއެއްޗެހި ލައިގެން އައިސް އޮށޯތެވެ. ޝާރިޤު ޒޯޔާއަށް ބަލާލިއެވެ. ހިނިތުން ވުމަކާއެކު ޒޯޔާގެ އަތުގައި ހިފާލިއެވެ. އެއާއެކު ޒޯޔާ ދެލޯމަރާލިއެވެ. “އަހަރެން މިރޭ ބޭނުންވަނީ ޒޯޔާ އަރާމު ނިންޖަކުން ހިތްހަމަޖެހިގެންއޮވެ ނިދާލާން” ޝާރިޤު ޒޯޔާގެ ނިތުގައި ބޮސްދިނެވެ. ޒޯޔާއަށް ހިންދިރުވާލެވުނެވެ.

އެހެންއޮންނަތާ ވިއްސަކަށް މިނެޓްވީފަހުން ޒޯޔާ ޝާރިޤުގެ ހިލަމެއް ނުވުމުން ލޯހުޅުވާލިއެވެ. އާއެކެވެ. ޝާރިޤު ޒޯޔާ ހީކުރިފަދަ ކަމެއް ކުރާކަށް ނޫޅެއެވެ. އޭނަ އެއޮތީ ގަދަނިދީގައެވެ. ޒޯޔާގެ އަތުގައި ހިފަހައްޓައިލައިގެންނެވެ. ޒޯޔާގެ ލޮލުން ކަރުނައައެވެ. އަދި ޝާރިޤުގެ އަތުގައި ބާރަށް ހިފަހައްޓައިލައިގެން އޮވެ ދެލޯމަރާލީ ޝާރިޤު ބުނިފަދައިން ހިތްހަމަޖެހުމާއެކު ނިދާލުމަށެވެ.

ހެދުނު ޝާރިޤަށް ހޭލެވުނުއިރު ޒޯޔާ ކައިރީގައި ނެތުމުން ފުންމައިގެން ތެދުވެވުނެވެ. އެއާއެކު ހިނިއައެވެ. ކުރިމަތީ ދަރިފުޅު ގޮވައިގެން ހިނގާލަ ހިނގާލަހުރި ޒޯޔާ ފެނުމުންނެވެ. “ގެނޭ، އަހަރެން ނިންދަވާލަ ދޭނަން…….” ޝާރިޤު ޒޯޔާ ގާތު ބުންޏެވެ. “ނޫން، ޝާރިޤަކަށް ނޭގޭނެ…….މީދެން އެވަރު ކަމެއް ނޫނެއްނު” ޒޯޔާ ބުނެލިއެވެ. “އެވަރު ކަމެއް ނޫންވީމައޭ މިބުނީ…….ޒޯއަށްވެސް ކުރިއަކުން ނޭގެއެއްނު، އަހަރެންވެސް ދަސްކުރާނީއޭ…….” ޝާރިޤު ޒޯޔާގެ އަތުގައި އޮތް އަލްވިން އުރާލަމުން ބުނެލިއެވެ.

“ކޮބާ ހުރިހާ އެއްޗެއް ތައްޔާރުކޮއްފިންތަ………” ޝާރިޤު ޒޯޔާގެ ގާތުގައި އަހާލިއެވެ. ޒޯޔާ ހޫ ލައްވާލަމުން ބޯޖަހާލިއެވެ.

“މެންދުރު ކައިގެން ދޯ ދާނީ……” ޝާރިޤު އަހާލިއެވެ. ޒޯޔާ އާ ހޫ ލައްވާލަމުން ޖަވާބު ކުރުކޮށްލައެވެ. އޭނައަށް އަދި ޝާރިޤުއާއިއެކު އެހާގާތްކޮށް އުޅެން އުނދަގޫވަނީއެވެ. އެކަމަކު މަޑުމަޑުން އެކަން ރަގަޅު ކުރުމަށް ޒޯޔާވެސް ބޭނުންވެއެވެ.

މެންދުރުގެ ކެއުން ނިންމާލުމާއެކު ޝާރިޤު އޭނަގެ ކޮޓަރިން ފޮށިތައް ނެރެންފެށިއެވެ. “ދަރިފުޅާ…….ދެން ދަނީތަ ހަމަ، މަންމަ ގާތު މަޑުކުރޭ……” ނާދިއާ ޒޯޔާއަށް ބުނެލިއެވެ. “ތެދެއް ދަރިފުޅާ، މީގޭތެރެ އިތުރަށް ފަޅުވާގޮތްމިވީ………ދެން މިކުދިން ރޯލާއަޑުވެސް ނީވޭނެ……” އަލިމަނިކު ޒޯޔާގެ ބޮލުގައި ފިރުމާލަމުން ބުނެލިއެވެ. “މަންމަ ބޭނުމެއްނޫން އެއްގޮތަކަށްވެސް ދަރިފުޅު މިގެން ދާކަށް………” ނާދިއާ ދެރަވެފައި ބުނެލިއެވެ.

“މަންމާ އަޅުގަނޑު ދިޔަދީ، އަޅުގަނޑު ކުޑަކުޑައިރު އަޅުގަނޑުގެ މަންމަވަނީ ނިޔާވެފަ، އަޅުގަނޑަށް މަންމަގެ ލޯތްބާ ކުލުނަކީ ކޯއްޗެއް ކަމެއް ނޭގޭ ބޮޑުވިއިރުވެސް، އެކަމަކު އެނގޭހާވެސް މިންވަރަކީ މިއަދު ތިމަންމަ އަޅުގަނޑުދެކެ ތިވަނީ ބަނޑުއަޅާ ވިހޭ މަންމައެއްވެސް ދަރިއެއްދެކެ ނުވާނެހާ ލޯތްބޭ……އަޅުގަނޑު އެކަމާ ޝުކުރުވެރި ވާނެގޮތެއްވެސް ނޭގެ…….އެހެންވެ މިބުނީ މަންމަ ގާތު، އާދޭސްކޮށްފަ އަޅުގަނޑު މިފަހަރު ދިޔަދޭށޭ……އިރާދަކުރެއްވިޔާ ތިމަންމައަށާއި ބައްޕައަށް ވަރަށް އަވަހަށް ފެންނާނަން………..” ޒޯޔާ ނާދިއާގެ ގައިގަ ބައްދާލަމުން ބުނެލިއެވެ. ގޭގެ ހުރިހާ ކުދިން ޒޯޔާއާއި ވަދާޢުގެ ސަލާމު ކުރުމަށް ތިއްބެވެ. މަލާކް އާއި މިޝްކާގެ އަތުގައި އޮތް އަލްވިން އާއި އާޔާ ނާދިއާ އާއި އަލިމަނިކު އުރާލިއެވެ.

ކުއްލިއަކަށް އެންމެން ހަމަހިމޭންވިއެވެ. ކޮޓަރިން ނުކުމެގެން އައި ޝާރިޤަށްވެސް ހުއްޓުންއެރިއެވެ. ޒޯޔާއަށް  ސިޓިންގ ރޫމު ބޭރު ދޮރާދިމާލަށް ބަލާލެވުނެވެ. އޭނައަށް ކުއްލިއަކަށް ކައިރީގައި ހުރި ނާދިއާގެ ފަހަތަށް ޖެހިލެވުނެވެ. އޭނައަށް އެހެން ކަންތައް ކުރެވުނީ ކީއްވެކަމެއް ނޭގެއެވެ. “ޝާހިޤު……” ވައިއަޑުން ޒޯޔާއަށް ބުނެލެވުނެވެ. ޝާހިޤު ހުރީ ޒޯޔާއަށް ބަލަހައްޓައިގެންނެވެ. ޝާރިޤުގެ މޫނުގައި ރުޅިވެރި ކަމުގެ ކުލަވަރު ޖެހުނެވެ. ކާރެއްގެ އަޑުއިވުމާއެކު ޝާރިޤު އާއިއެކު ޝާމިން އާއި ޝާދިން ފޮށިތައް އެރުވުމަށް އެހީތެރިވިއެވެ.

ވަދެގެން އައި ޝާރިޤު ނާދިއާ އާއި އަލިމަނިކު ގާތުގައި ދާގަނޑިޖެހިއްޖެއޭ ބުނެލިއެވެ. އަދި ޒޯޔާގެ އުނަގަނޑުގައި ހިފަހައްޓާލައިގެން ހިނގައިގަތީ ގޭން ނުކުތުމަށެވެ. ޒޯޔާ އެންމެ ފަހުފަހަރަށް ޝާހިޤަށް ބަލާލިއެވެ. އަސަރުން ފުރިގެން ވާފަދަ ގޮތަކަށެވެ. އެއްވެސް ބާރެއްނެތްފަދަ ގޮތަކަށެވެ. ނާދިއާގެ އަތުގައިވާ ދަރިފުޅު ދައްކާލާ ފަދަ ގޮތަކަށެވެ. ނާދިއާއަށް ޒޯޔާގެ ބަލާލުމުންވެސް އޭނަ ބުނަންބެނުންވި އެއްޗެއް އެނގުނީ ކަންނޭގެއެވެ. ޝާރިޤު ޒޯޔާގޮވައިގެން ގޮސް އެރީކާރަށެވެ. ނާދިއާ ޝާހިޤު އާއި ގާތްވެލިއެވެ. ދަރިފުޅު ދައްކާލުމަށެވެ. “އަލްވިން، އާޔާ…….” ނާދިއާއަށްވެސް އިތުރަށް ބުނާނެ އެއްޗެއް ނޭގުނީއެވެ. ޝާހިޤު ނާދިއާ އާއި އަލިމަނިކުގެ އަތުގައިވާ ދެކުދިންނަށް ބަލާލިއެވެ. އޭނަގެ ހިކިފައިވާ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. ދެލޯފެންކަޅިއެވެ. އަނގައިންނެއް ނުބުނެވުނެވެ. އަރުބެދުނީއެވެ. ޝާހިޤު ދަރިފުޅަށް ބަލާލަމުން އޭނަގެ މޭގައި އަތްޖައްސާލިއެވެ. އެއީ އޭނަގެ ތޯ އަހާލާފަދަ ގޮތަކަށެވެ. ނާދިއާ އަވަސް އަވަހަށް ބޯޖަހާލިއެވެ. އޭނައަށް ކުރިއަށްވުރެ ބޮޑަށް ހިނިތުންވެލިއެވެ. އަދި ލޮލުން ކަރުނަތައް ފައިބައި ގަތެވެ.

ނާދިއާ އާއި އަލިމަނިކު ދެކުދިން ގޮވައިގެން ގޮސް ކާރަށް އެރުވިއެވެ. ޒޯޔާ ދިޔައީއެވެ. ޝާހިޤަށް މުޅިއުމުރަށް ގެއްލުނީއެވެ. މަޑުމަޑުން ހިނގަމުން ގޮސް ކޮޓަރިއަށްވަނެވެ. އޭނަ އެކޮޓަރިއަށް ބަލާލިއެވެ. އެއީ ހަމައެކޮޓަރިއެވެ. އެއްވެސްއެއްޗެއް ބަދަލެއް ނުވެއެވެ. އެނދު ކައިރީގައި އިން ފޮޓޯ ފްރޭމް ޝާހިޤަށް ފެނުނެވެ. އޭނަ އެނަގައިގެން އައިސް އެނދުގައި އިށީނެވެ. މިއަދު މިވީ ކިހިނެތްހެއްޔެވެ. ޝާހިޤު ބާކީވީއެވެ. ޒޯޔާއަށް ބޭނުންވެގެން އާދެވުނު އިރު މާލަސްވެއްޖެއެވެ.

ނާދިއާ ޝާހިޤުގެ ކޮޓަރިއަށް ވަނެވެ. “މީ ދަރިފުޅު އައި ދުވަހަކުން ދަރިފުޅަށް ދޭށޭ ކިޔާފައި ޒޯ ދިން އެއްޗެއް…….ޝާހިޤު، ޒޯ ދަރިފުޅަށް ހާދަ އިންތިޒާރެއް ކުރިއޭ، ރެއާދުވާލު ނުނިދާ އެކުއްޖާ އުޅުނީ ކޮންފަދަ ހާލެއްގަ، ޝާހިޤު ޒޯއަށް އެހެން ހެދީ ކީއްވެ، އޭނަގެ ކުށަކީ ކޮބާ؟ އެއްވެސް ކުށަކާނުލާ ޒޯޔާގެ ހިތް ރޮއްވާލީ……މިމަންމަ އެކަމަށް ހެކިވަން……..މިމަންމަ ޒޯއަށް އާދިރިއުޅުމެއް ހޯދުމަށް މަޖުބޫރު ކުރެވުނީ……….ޝާހިޤު، ވަގުތު ފާއިތުވެއްޖެ، މާބޮޑަށްވެސް ލަސްވީ…….” ނާދިއާއަށް ބުނެލެވުނެވެ. އަދި ނުކުމެގެން ދިޔައެވެ.

މަޑު އޮރެންޖު ކުލައެއްގެ ސިޓީ އުރައެކެވެ. އޭނަ އޭތި ކަނޑާލިއެވެ. އެންމެ ފުރަތަމަވެސް ފެނުނީ ދެއަނގޮއްޓިއެވެ. އެއީ އެމީހުންގެ ކައިވެނި ދުވަހު ޝާހިޤު ޒޯޔާއަށް ދިން އަނގޮޓިއަކާއި، ޒޯޔާ އޭނަގެ ދަރިފުޅަށް ބަލިވެއިންކަން އެނގުނު ދުވަހަކު ދިން ދެއަނގޮއްޓިއެވެ. އެދޭތި އިނގިލިން ވަކިނުކުރާނަން ކަމަށް ޒޯޔާ ވައުދުވިއެވެ. އެކަމަކު މިއަދު އެވެސް އެއޮތީ ޝާހިޤުގެ އަތުގައެވެ. ޝާހިޤު ދެން އޮތް ގަނޑު ކިޔާލިއެވެ.

ލޯބިވާ ޝާހިޤަށް،

ޝާހިޤަށް އަހަރެން މިސިޓީ ލިޔުނީ މީ އަހަރެން ޝާހިޤުއާއި ލޯބިން ވާހަކަދައްކާލަން ލިބޭ އެންމެ ފަހު ހިނދުކޮޅުކަމަށް ފެންނާތީއެވެ. މީގެ ފަހުން އަހަންނަށް ޝާހިޤު ގާތު އަހަރެން ލޯބިވާވަރު ބަޔާނެއް ނުކޮށްދެވޭނެއެވެ. އަހަރެން އާ ކައިވެންޏެއް ކުރަން މިއުޅެނީ…….މާދަމާރޭގެ ވަގުތެއްގައި އަހަރެން އެހެންމީހެއްގެ ހައްޤަކަށް ވާނެއެވެ. އަހަރެން ޝާހިޤުއަށް ވަފާތެރިވީ ފަދައިން އޭނައަށްވެސް ވަފާތެރިވާނަމެވެ. އަހަރެން ޝާހިޤުއާއި ކުރަން ބޭނުންވަނީ ހަމަ އެއްމެ ސުވާލެކެވެ. އަހަރެންގެ ލޯބީގައި ކޮންކަމެއް އުނިވެގެންތޯ ޝާހިޤު އަހަރެން ދޫކޮށްލީ؟ އަހަރެންގެ ކުށަކީ ކޮބާތޯ، އަހަރެން މުޅިއުމުރަށްވެސް ޝާހިޤު ދެކެ ލޯބިވާނަން…….މިހިތުގަ ޝާހިޤަށްޓަކާ ދެވިފައިވާ މަގާމު ދުވަހަކުވެސް ބަދަލެއް ނުވާނެ……..އަހަރެންގެ ކުށަކާނުލާ ހިތްރޮއްވާލީ، އެކަމުގެ އެއްވެސް ޝަކުވާއެއްނެތް……..ހީކުރަން އަހަރެން އަލަމާރީގައި ބައިންދާފައިވާ ހަދިޔާ ކަމުދާނެކަމަށް……..ވަރަށް ވަރަށް ވަރަށް ލޯބިވޭ………..

ފަހުނޭވާއާއި ޖެހެންދެން މިހިތުގައި ތިލޯބިފޮރުވާލައިފިން. ޒޯޔާ…….

ޝާހިޤަށް އަވަސް އަވަހަށް ގޮސް އަލަމާރި ހުޅުވާލެވުނެވެ. އެއާއެކު އޭނައަށް އެޕާރުސަލް ފެނުނެވެ. އޭތި ކަނޑާލިއެވެ. އޭގައި އޮތީ ފޮޓޯ ފްރޭމް އެކެވެ. ތިންފޮޓޯ ވެއެވެ. ޒޯޔާގެ ކައިވެނި ހެދުމުގައި ހުރި ފޮޓޮއެކެވެ. ޒޯޔާ ބަލިވެ އިނދެ ނަގާފައިވާ ފޮޓޮއެކެވެ. ދެން އިނީ އާޔާ އާއި އަލްވިންގެ ފޮޓޮއެކެވެ. މަތީގައި ޒޯޔާ ލަވްސް ޝާހިޤު ފޮރެވަރ ޖަހާފައިވެއެވެ. ޝާހިޤަށް ފޮޓޯ ފްރޭމްގެ ފަހަތުގައި އެއްޗެއް އިންހެން ހީވެގެން ބަލާލިއެވެ. ފަހަތުގައި ވަނީ ކަރުދާސް ކޮޅެއް ހިއްޕާފައެވެ.

“ހިތް ނުރޮއްވާ، ކުށަކާނުލާ ހިތްނުރޮއްވާ، ނިމިދާނެ ޖާނާ ހިތާ……..” އޭގައި ލިޔެފައި ވެއެވެ.

ޝާހިޤަށް އެއްވެސް ހިފެހެއްޓުމެއްނެތި ރޮވުނެވެ. ދުވަހަކުވެސް އޭނަ ދެރަނުވާވަރަށް މިއަދު ދެރަވެއްޖެއެވެ. ލަދުވެސް ގަނެއްޖެއެވެ. އޭނައަށް ވަފާތެރި އަގުބޮޑު ޖަވާހިރެއް ލިބުނީމަވެސް އޭގެ އަގުވަޒަން ކުރަން ނޭގުނީއެވެ. އެއްޗެއްގެ މުހިއްމުކަން އެނގޭނީ އަތުން އެ އެއްޗެއް ބީވީމައެވެ. ނޫނީ ގެއްލުނީމައެވެ. އެކަން ޝާހިޤަށް ކިތަންމެ ރަނގަޅަށް ވެސް އިހުސާސް ކުރެވިއްޖެއެވެ. ޝާހިޤަށް އޭނަގެ އަމިއްލަ ނަފްސަށްވެސް މާފެއްނުކުރެވޭނެއެވެ. އޭނައަށް ކުރެވުނީ މާފު ހައްޤުވާވަރު ކުށެއްނޫނެވެ. މިއަދު ޝާހިޤަށް ވޭތުވެގެން ދިޔަމާޒި ބަދަލު ކުރެވޭނެނަމަ އެކަން ކުރަން ބޭނުމެވެ. އެކަމަކު އެއީ ދުނިޔެޒާތުގައި ވާނޭކަމެއްނޫނެވެ. ޝާހިޤު ކަރުނައިގެ ކޯރަކަށް ގެނބެމުންދިޔައެވެ.

————— ނިމުނީ —————

Leave a Comment

Your email address will not be published. Required fields are marked *