KUSHAKAANULAA HITH NUROHVAA [Part 1]

މެންދުރުގެ ވަގުތެވެ. ގޭތެރޭގައި މީހުން ގިނަވެ އަޑުފަށްގަޑުވަނީ ގަދަވެފަ އެވެ. ރައްޓެހިންނާއި ތިމާގެ މީހުންނާއި އެމީހުންގެ ދަރިންނެވެ. ސްޕީކަރު ތަކުން ޖަހަމުންދާ ލަވަތަކާއި، ހުޅުވާފަ ހުރި ޓީ.ވީގެ އަޑެވެ. ގޭގައި ދުވެދުވެފައި އުޅޭ ކުޑަކުދިންތަކާއި، ސިޓިން ރޫމުގައި ތަންތަންކޮޅުގައި ގޮޑިޖައިގެން ތިބި ޒުވާންކުދިންގެ އޮލަވާހަކައިގެ އަޑާއެކު އެމީހުންގެ ހުނުމުގެ އަޑުން މާޙައުލަށް ވެރިވެފައިވާ އުފާވެރިކަން އިތުރުކޮށްދެ އެވެ. އޭރު ބަދިގޭގައި ހެދިކާ ހަދާ މީހުން ހެދިކާހަދަނީ އެވެ. ތަށިތައް ހިފައިގެން ދެކޮޅަށް ދުވާ މީހުން ވެސް މަދެއްނޫނެވެ. އެއްފަހަރު ކާއެއްޗެހި އަޅައިފައި ހުރި ތަށިތަކެވެ. އަނެއްބައި ފަހަރު ހުސް ތަށިތެކެވެ. އައިސްގެން މި އުޅެނީ ކުޑަވަރެއްގެ އީދެއް ކަހަލަ އެވެ. އެހެން ނުވާންވީ ކީއްވެގެން ހެއްޔެވެ. އަހަރުގެ ފަހުކޮޅުގެ ސުކޫލް ބަންދާދިމާކޮށް ގެއަށް މިވަނީ ނަކެއްގަލެއްވުމުގެ (ހިތާނަކުރުމުގެ) މޫސުން އައިސްފަ އެވެ.

އަލިމަނިކު، އޭނާގެ ކާފަދަރިފުޅު ރަޔާން ކައިރީ އިށީނދެގެން އިނެވެ. އޭނާގެ މޫނުމަތިން އުފާވެރިކަމާ ހިތްހަމަޖެހުން ފެންނަން ހުއްޓެވެ.

“ބައްޕާ! އެއްޗެއް ކޭންބައްލަވަން ވީނޫންތޯ” މަލާކު އަލިމަނިކުގެ ގާތަށް ޖެހިލަމުން ބުންޏެވެ.

“އަދި އެއްނޫން، މެންދުރު ވަރަށް ރަނގަޅަށް ކައިގެން މި އިނީ، ދެން އަސުރު ކޮށްލައިގެން އިތުރު އެއްޗެއްކާނީ، ކޮބައިތަ މަންމަ؟” މާޙައުލުގެ ހަލަބޮލިކަމަށް ގެއްލިފައި އިން އަލިމަނިކު ބުންޏެވެ.

ހަވީރުގެ ވަގުތެވެ. ގޭތެރޭގައި އުޅުނު މީހުން މަދުވަމުން ގޮސް ހުސްވާންފަށައިފި އެވެ. އެންމެން ވެސް ގޭގެއަށް ދިޔައީ ރޭގަނޑު ބާއްވަން ހަމަޖެހިފައިވާ މިއުޒިކު ޝޯ ފެށެންވާއިރަށް ތާޒާވެލައިގެން އައުމަށެވެ. އޭރު ގޭގައި އަލިމަނިކާއި ނާދިއާގެ ކުދިން ފިޔަވާ އިތުރު ބަޔަކު ނެތެވެ. ގޭތެރޭގައި އުޅޭ ޅީދަރިންނަކީ ވެސް ނާދިއާ ދުށްގޮތުގައި އޭނާގެ ދަރިން ފަދަ ބަޔެކެވެ. ކަންތައްތައް ކޮށްދިނުމުގައި އަމިއްލަ ދަރިންނާއި އެކުދިންނާ އެއްވެސް ފަރަގެއް ނުބަހައްޓަ އެވެ. ސަބަބަކާ ނުލައެއް ނޫނެވެ. އަލިމަނިކަށާއި ނާދިއާއަށް މީގެ ކުރިން އުނިވެފައިވަނީ އަންހެން ދަރިއެއްގެ އުފަލެވެ. އެކަން ފުރިހަމަ ކޮށްދިނީ ފިރިހެންދަރިން އިނދެގެން އެގެއަށް ގެނައި ޅީދަރީންނެވެ.

ނާދިއާއަށް ލިބުނީ ހަތަރު ފިރިހެން ކުދީންނެވެ. އެންމެ ދޮށީ ޝާމިންނެވެ. ޝާމިންގެ ކައިވެނި ކުރެވުނީ މަލާކްއާ އެވެ. މަލާކް ވީ ވެސް ޝާމިން ކަހަލަ އަޙްލާގު ރަގަޅު ކުއްޖަކަށެވެ. އެ ދެކުދިންނަށް ދަރިފުޅު ރަޔާން ލިބުނު ދުވަހަކީ ނާދިއާ އާއި އަލިމަނިކު އުފަލުން ފުރުނު ދުވަހެކެވެ. އެއީ ދުނިޔޭގައި ތިއްބައި ކާފަމާމަ ކިޔާނޭ ކުއްޖަކު ޢާއިލާއަށް އިތުރުވީތީ އެވެ.

ދެން ލިބުނީ ޝާދިންނެވެ. ޝާދިންގެ ކައިވެނި ކުރީ މިޝްކާއާ އެވެ. މިޝްކާއަކީ އެހެން ކުދިންނާ ބަލާފަ ވަރަށް ތަފާތު މިޒާޖެއްގެ ކުއްޖެކެވެ. ކަންތައްތަކާ ވަރަށް ފަސޭހައިން ރުޅިގަދަވެ ޝާދިން އާ ދެބަސްވާލެއް މަދެއް ނޫނެވެ. މީޝްކާގެ މިކަހަލަ ސިފަތަކާއެކު ވެސް ނާދިއާ ވާ ލޯތްބަކަށް އުނިކަމެއް ނާދެއެވެ. އެއީ ތަފާތު މިޖާޒުގެ ކުދީން އުޅޭނޭކަން ނާދިއާއަށް އެނގޭތީއެވެ.

އެންމެ ހަގަށް ލިބުނީ އެއްމާބަނޑު ދެކުދިންނެވެ. އެއީ ޝާހިޤާއި ޝާރިޤެވެ. ޝާހިޤު ދޮށީވީ އެންމެ ތިން މިނެޓްގެ ތަފާތަކުންނެވެ. ކީއްވެ ކަމެއް ނޭނގެ އެވެ. ނާދިއާއަށް ހަގަށްތިބޭ ދެކުދިންދެކެ މާ ލޯބި ވެވެނީ އެވެ. މީ ހުރިހާ ޢާއިލާއެއްގެ ތެރޭ ވެސް އާންމުކޮށް ވާކަންތައްތަކެވެ. ހަގަށްތިބޭ ކުދިން ބޮޑެތިވެފައި ތިބޭނީ ގޭގެ އެންމެންގެ ލޯތްބާއި އަޅާލުމާ ލިބިގެންނެވެ. ޝާހިޤުގެ ކައިވެނި ކުރެވުނީ ޒޯޔާއާ އެވެ. އެދެކުދިންގެ ކައިވެންޏަށް އަދިވީ އެންމެ ތިންމަހެވެ. ޒޯޔާއާ ދޭތެރޭ އާދަޔާ ޚިލާފް ގާތްކަމެއް ނާދިއާއަށް ބެހެއްޓެ އެވެ. ޒޯޔާގެ އުމުރުގެ ޅަކަމުން ކަމަށްވެސް ވެދާނެ އެވެ. ނާދިއާ ގިނަވަގުތު ހޭދަކުރަނީ ޒޯޔާ ފަހަތުލައިގެންނެވެ. އޭނައަށް ގޭތެރޭގެ ކަންތައްތައް ދަސްކޮށްދިނުމުގަ އެވެ. ޒޯޔާގެ އުމުރުގެ ކުދިންނާ އަޅާކިޔާއިރު، އޭނާ ހުންނަނީ ވަރަށް މަޑުމައިތިރި ކޮށެވެ. ނާދިއާ ހީކުރަނީ އަދި އެމީހުންގެ ތެރޭގައި އުޅެން ޒޯޔާ ނުހޭނެނީ ކަމަށެވެ.

ހުރިހާ ކުދިންގެ ތެރެއިންވެސް ޝާރިޤު ވީ ތަފާތު ޚިޔާލްތަކެއްގެ މަޑުމައިތިރި ދަރިއަކަށެވެ. މީހުންގެ ތެރޭ ބަސްމަދު މީހެކެވެ. ނާދިއާ ބައެއް ފަހަރު ކަންބޮޑުވެ އެވެ. ޝާރިޤު ކައިވެންޏެއް ކުރާނެ ދުވަހަކަށް ނާދިއާ ވަރަށް އިންތިޒާރު ކުރެ އެވެ. އެކަމަކު ބައެއް ފަހަރަށް ޝާރިޤު އަންހެން ކުދިންނަށް ޝައުގުވެރި ނުވަނީބާއޭ ވެސް ނާދިއާގެ ހިތަށް އަރަ އެވެ. އެއީ އެހެން ކުދިންހެން ޝާރިޤު ދުވަހަކު ވެސް އަންހެން ކުއްޖެއްގެ ވާހަކަ ދައްކާ އަޑު އިވިފައި ނުވާތީ އެވެ. ސުކޫލް ދައުރު ނިމުނީސްސުރެން ޝާރިޤު ހޯދަން އަންހެން ކުއްޖަކު ގެއަށް ގުޅާނުލާތާ ޝާރިޤު އަމިއްލައަށް ވެސް އަންހެން ކުއްޖަކު ގެއަށް ގެނައި މަންޒަރެއް ނުފެނެ އެވެ. ނާދިއާ މިކަންތައްތަކާ ކަންބަޑުވާތީ ޝާރިޤު ކައިރީ ކޮންއިރަކުންތޯ މީހަކާ އިންނާނީ ސުވާލުކޮށް ހަދައެވެ. އެކަމަކު ކޮންމެ ފަހަރަކުވެސް ލިބެނީ އެއްޖަވާބެކެވެ. އެއީ، އަދި ކައިވެންޏެއް ކުރާން އޭނާ ނުވިސްނާކަމެވެ.

އަލިމަނިކަކީ ގޭގެ މައިތަނބެވެ. ގޭތެރޭގައި ފަހު ބަސް ނިންމާހަދާނީ އަލިމަނިކެވެ. އެކަމަކު އެއީ ދުވަސްވީ ބައިވެރިޔާ ނާދިއާއާއި ކުދިންގެ ޚިޔާލާ ވެސް އެއްގޮތަށެވެ. އަލިމަނިކުގެ ވިޔާފަރި ފުޅާވީ ހަމައެކަނި މާލެއަކުނޫނެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވެސް މެއެވެ. ހުރިހާ ކުދިން ވަޒީފާގައި އުޅުނަސް ގޭގެ ވިޔަފާރީގައި ބައިވެރި ވެއެވެ.

ހުރިހާ ކުދިން ތިބީ ސިޓިންގ ރޫމްގައި އަލިމަނިކާއި ނާދިއާ އާ އެކުގައެވެ. އޮފީހަށްދާ އެންމެން ވަނީ ޗުއްޓީނަގާފަ އެވެ. ހިތާނީ ކަންތައްތަކަށް ތައްޔާރުވުމުގެ ގޮތުންނެވެ. މިޝްކާ ތެދުވަމުން ޒޯޔާ އަށާއި މަލާކް އަށް ގޮވާލި އެވެ. އެ ދެމީހުން ވެސް މިޝްކާގެ ފަސް ފަހަތުން ގޮސްވަނީ ބަދިގެއަށެވެ. މިޝްކާ ބަދިގޭގެ ކަބަޑަކުން ކުދި ކޮތަޅުތަކެއް ނެގިއެވެ. އަދި ޒޯޔާ އަތަށް ދީފައި ކޮންމެ ކޮތަޅަކަށް ފެން އެޅުމަށް ބުންޏެވެ. އަދި މަލާކް ކައިރީ ގޮދަންފުށް އަޅާފައި ހުރި އެތިން އާދައިގެ ޕްލާސްޓިކް ކޮތަޅަކަށް ފުށްއެޅުމަށް ބުންޏެވެ.

ސަކަރާތް ޖެހުމުގައި އަރާ ހުންނަ މިޝްކާ ފެންކޮތަޅުތައް އިނގިލިތަކަށް އަމުނާލަމުން ބަދިގެއިން ނިކުތެވެ. މަޑު މަޑުން މަލާކް އާއި ޒޯޔާ މިޝްކާގެ ފަހަތުން ހިނގައިގަތެވެ. ތިން މީހުން ވެސް ދިޔައީ ކޮތަޅުތައް ފަހަތަށް ލައިގެން އެހެން މީހުންނަށް ނުފެންނާނެ ފަދަ ގޮތަކަށެވެ. ސިޓިންގ ރޫމްގައި އިން ޝާމިންއަށް މި މަންޒަރު ފެނުމާއެކީ މި މީހުން މި އަންނަނީ މޮޅުކަމެއް ކުރާންކަން ޝައްކު ވިއެވެ. ޝާމިން އަވަހަށް ތެދުވެ ނިކުންނަން ހިނގައިގަތެވެ. މިޝްކާ ބަލަން ނުހުރެ އަވަހަށް ދެތިން ފެންކޮތަޅުން ޝާމިންގެ ގައިގާ ޖަހައިފި އެވެ. އެއާއެކު ފުށްކޮތަޅަށް ކޮށްޕާލި މަލާކްގެ ދެއަތުން ޝާމިންގެ ގަޔަށް ފުށްތައް އަޅާލި އެވެ. އެންމެންގެ ހަރަކާތްތައް އަވަސް ވިއެވެ. ގިނައިރެއްނުވެ ހުރިހާ އެންމެންހެން ތިބީ ފެނާއި ފުށުން ފޯވެ ތަތްތެޅިފަ އެވެ. ނާދިއާއާއި އަލިމަނިކަށް ވެސް ސަލާމަތެއް ނުވެވުނެވެ. ކުޑަކުޑަ ރަޔާން މަޖާވެގެން ހީނލަ ހީނލާ އޮތެވެ. އޭނާ ވެސް ބޭނުންވަނީ އެ މީހުންގެ މަޖަލާއި ސަކަރާތުގައި ބައިވެރިވާށެވެ. ނަމަވެސް އަލިމަނިކު ނުރުހޭނެކަން އެނގޭތީ ތަންމަތިން ތެދުވާކަށް ރަޔާންއަކަށް ނުކެރެއެވެ. އަނެއްކޮޅުން އެންމެން ވެސް އޭނާއަށް ވިސްނައިދިނީ ހިތާނަކޮށްގެން އުޅޭއިރު ފަސޭހަ ނުވަނީސް ތެދުވެއްޖެއްޔާ ވަރަށް ތަދުވާނޭކަމެވެ. އޭރުން ހޮސްޕިޓަލަށް ގެންގޮސް ނިކަން ބޮޑު އިންޖެކްޝަނެއް ޖަހަން ޖެހިދާނެކަމުގައެވެ. މިކަމާ ބިރުން ވެސް އެ ކުއްޖާއަށް ތަންމަތިން ބޯހިއްލާލުން ފިޔަވަލާ އިތުރު ހަރަކާތެއް ގެންނާކަށް ނުކެރެއެވެ.

ފުށާއި ފެނުގެ ސަކަރާތުގައި އެންމެން އުޅެނިކޮށް ޝާރިޤު ފެނުނީ ކެމެރާއެއް ހިފައިގެން ހުއްޓަ އެވެ. ޖަހަމުން ދިޔަ ސަކަރާތުގެ މަންޒަރުތައް ފޮޓޯތަކެއްގެ ސިފައިގައި ރައްކާކުރުމުގެ މަސައްކަތް އޭނާ ކުރަމުންދިޔަ އެވެ. ހަނދާނަކަށެވެ. އޭނާވެސް ހުރީ ހަމަ އެހެންމީހުންނެކޭ އެއްހާލެއްގަ އެވެ. ދޭތެރެއަކުން ކެމެރާ ސަލާމަތްކުރަން އަތުކޮޅަށް އޭތި އުފުލާލައެވެ.

ކުއްލިއަކަށް އެންމެނަށް ފެނުނީ ޝާހިޤު، އޭނާގެ އަންހެނުން ޒޯޔާ އަތްދަނޑި މައްޗައް އުފުލާލިތަނެވެ. ޒޯޔާ އޭރު ނާދިއާ އަށް ގޮވަމުން ދިޔައެވެ. އެންމެންގެ ހުނުމުގެ އަޑުން ގޭގެ ދިރުން އިތުރު އިތުރުވެފައިވެއެވެ. ފާރުތައް ގުގުމަމުން ދިޔައީ އުފާވެރިކަމުންނެވެ.

“މިޝްތާ! މިޝްތާ!… ދެން… ދެން…..” ޝާހިޤު، މިޝްކާއަށް ގޮވާލި އެވެ. އެއާއެކު އެ ދިމާއަށް ދުވެފައި އައި މިޝްކާ، ޒޯޔާގެ ގަޔަށް ފުށްކޮތަޅުގައި ބާކީ ހުރި ހުރިހާ ފުށެއް އަޅާލި އެވެ.

ނާދިއާ ގޭތެރެ ހަޑިވަމުންދާތީ ސަކަރާތް ޖެހުމަށް ގޯތީގައި އޮތް ހުސްތަނަށް ނުކުތުމަށް ބުންޏެވެ. ޝާމިން ފެނުނީ އަރާފައި ހުރި ފޯރީގައި ޖަގު ތަކުގައި ފެންގެނެސް މީހުންގެ ގަޔަށް އަޅާތަނެވެ. ޝާހިޤު ވެސް ހިފިނުހުރެވިގެން ކައިރީގައި ހުރި ދޮންވެލި ގޯންޏަށް އެއްއަތް ކޮށްޕާލުމާއެކު ދޮންވެލި މުށެއްނަގާ ޒޯޔާގެ ގަޔަށް އަޅާލިއެވެ. އޭރު ޒޯޔާ އެކީ ތެމި ފޯވެއްޖެއެވެ. އޭނާގެ ގައިގާ ނެތްއެއްޗެއް ނެތެވެ. ޝާހިޤު، ޒޯޔާ ބިންމަތީގައި ބެހެއްޓިވަގުތު އޭނާ އަވަހަށް ދުއްވައިގަތެވެ. އަދި ފެންޖަގެއް ހިފައިގެން ހުރި ޝާރިޤުގެ ފަހަތަށްވަދެ ފިލާއޮތެވެ. އެންމެން ބަލަންތިއްބާ ޝާރިޤު ވެސް ޒޯޔާ ގަޔަށް ފެންޖެހުމުގެ ބޭނުމުގައި އޭނަގެ ބޮލުން ފަހަތަށް ވާގޮތަށް ޝާމިން ދިއްކޮށްލި ފެންޖަގު އޮއްސާލި އެވެ.

“އަޅޭ…. ޝާރިޤު ވެސް ތަ…” ޒޯޔާގެ ގަޔަށް އެޅެމުންދިޔަ ފެންތަކާއެކު ތެޅިގަންނަމުން އޭނާއަށް ބުނެލެވުނެވެ.

އަލި މަނިކުގެ އަޑަށް އެންމެން ވެސް ސަކަރާތް ޖެހުން ހުއްޓާލިއެވެ. އޭރު އަލިމަނިކު ނުކުތީ ބޭރަށް ދާށެވެ. އެންމެން އެތެރެއަށް ވަން އިރު ނާދިއާ ގޭތެރެ ސާފުކުރަނީ އެވެ.

“މަންމާ… އަޅުގަނޑުމެން ސާފުކޮށްލަފާނަން، މަންމަ ދެންދޭ ފެންވަރާލަން” މަލާކް ބުނެލި އެވެ. ގޭތެރެ ސާފުކުރީ ހުރިހާ އެންމެން އެއްބައިވެގެންނެވެ. ނާދިއާ އަންނަން ވާއިރަށް ހުރިހާތަނެއް ސާފުކޮށް ތަރުތީބު ކޮށްލިއެވެ. ފަހަރަކު މީހަކު އެމީހެއްގެ ކޮޓަރިއަށް ދިޔައީ އޭގެފަހުގަ އެވެ. ނާދިއާ ތައްޔާރުވެލައިގެން ނުކުމެ ރަޔާން ކައިރިއަށް އައުމުން ޝާމިންމެންގެ ދެމަފިރިން ވެސް ދިޔައީ ކޮޓަރިއަށެވެ.

“ޝާހިޤޫ… ދެން ވަދެބަލަ ފާޚާނާ އަށް، ތިހާ ހަޑިކޮށްހުރެގެން ނީށިންނާތި އެއްވެސް ތަނެއްގަ” ޒޯޔާ ޝާހިޤުގެ ސަކަރާތް ބޮޑުކަމުން އެއްޗެހި ކިޔަމުންދިޔަ އެވެ. އަދި ފާޚާނާއަށް ވަން ޒޯޔާ ޝާހިޤުގެ ދަތް އުނގުޅާ ބުރުހުގައި ބޭސް ޖަހާދިނެވެ. ނަމަވެސް ޝާހިޤު ފާޚާނާއަށް ވަންނަ ކަހަލަ ޚިޔާލެއް ނުކުރި އެވެ.

“ދެން ޝާހިގޫ!… ޒޯ މި ވަންނަނީ ފެންވަރަން، ޝާހިޤު ހުރޭ އެންމެ ފަހުން ފެންވަރަން، ހުރިހާ ފެނެއް ހުސްކޮށްލައިގެން ނުކުންނާނީ” ޒޯޔާ ފެންވަރަން ތައްޔާރުވެލަމުން ޅަކުއްޖެއްހެން ބުނެލިއެވެ. ޝާހިޤަށް ޒޯޔާގެ އެ ޖުމްލަތައް އިވިފައި ފެށީ ހޭށެވެ. ޒޯޔާ ފެންވަރައި ނިމެނިކޮށް ޝާހިޤު އައިސް ފާޚާނާގެ ދޮރުމަތީ މަޑުކޮށްލިއެވެ. އެހިނދު ފިރިމީހާއެއްކަމަކު ޝާހިޤު ބަލަން ހުރިގޮތުން ޒޯޔާ ވަރަށް ބޮޑަށް ލަދުގަތެވެ.

“ކީއްވެތަ ތި ބަލަނީ” ޒޯޔާ އަހާލި އެވެ.

“ރީތިހާ އެއްޗިއްސަ ބެލުމަކީ އިންސާނީ ޠަބީޢަތުގައި ލައްވާފައިވާ ކަމެކޭ” ޝާހިގު އެހެން ބުނެލަމުން ހީނގަތެވެ.

“ދެން ހާދަ ފިލްމީއޭ ދޯ…” ޒޯޔާ ފާޑަކަށް ތުންފަތް ދެކޮޅަށް ތަޅުވާލަމުން ބުނެލި އެވެ. އަދި އަވަސްކޮށްލައިގެން ފާޚާނާއިން ނިކުތެވެ.

ޝާހިޤު އޭނާގެ ލޯބިވާ އަނބިމީހާގެ ފަހަތުން މާބުރެއް މަލަކަށް ދަހިވަތިވެފައިވާ ފަދައިން އެނބުރެމުންދިޔަ އެވެ.

“ކިހިނެއްތަ ވީ” ޒޯޔާއަށް ޝާހިޤު އުޅޭގޮތް ފާހަގަކުރެވިގެން އަހާލި އެވެ.

“ކަމެއް ނުވެޔޭ، ތި މާ ތާޒާވެފައި ރީތިވީމާ ހަމަބެލެނީ، ވަސްގަނެލަން ހިތްބޭނުންވަނީ” ޝާހިޤުގެ އަޑުގައިވަނީ ލާނެތްކަމެވެ.

“އައްޗީ! ޕްލީޒް… ޕްލީޒް… ޝާހިޤު ދޭބަލަ ފެންވަރަން” ކުއްލިއަކަށް ޝަހިޤު އެއްލި އަތުގައި ނުޖެހުމަށް ޒޯޔާ ފުންމައިގެން އެނދަށް އަރަމުން ބުނެލި އެވެ. ޝާހިޤު ދެ ފަހަރަކު ބޯހޫރުވާލުމަށްފަހު ފާޚާނާއަށް ވަނެވެ. ޒޯޔާ އަލަމާރި ހުޅުވާލާފައި އޭނާއާއި ޝަހިޤު އެރޭ ލުމަށް ޚާއްޞަކުރެވިފައި އޮތް ހެދުން ނަގާ ތައްޔާރުކޮށްލި އެވެ. އޭރު ޝާހިޤު ފާޚާނާގައި ހުރެ އިރުއިރުކޮޅާ ޒޯޔާއަށް ގޮވާލަ އެވެ. އޭނާ ފެންވަރައި ނިމިގެން ތުވާލިއޮޅާލައިގެން ނުކުމެ ޒޯޔާގެ ގާތަށް ހުއްޓެމުން އިސްތަށިގަނޑުގައި ހަރުލާފައި ހުރި ފެންތައް ޒޯޔާ އާއި ދިމާއަށް ފޮޅާލި އެވެ.

“ދެން ޝާހިޤޫ…” ޝާހިގުގެ ކުދިކުދި ގޯނާތަކުން އުނދަގޫވެފައި ހުރި ޒޯޔާ މޫނު ފޮހެލަމުން ބުނެލިއެވެ. ހަމަ އެވަގުތު ޒޯޔާގެ އަތުގައި ހިފާ ޝާހިޤާ ކައިރިކޮށްލި އެވެ. އަދި ޒޯޔާގެ ފަން އިސްތަށިގަނޑާ އިނގިލަތަކުން ކުޅެލާފައި ޒޯޔާގެ ކުޑަކުޑަ ރީތި ދޮން މޫނުގައި ބޮސްދިނެވެ. މައުސޫމް ކަމުން ފުރިގެންވާ ޒޯޔާގެ ދެ ލޮލަށް ޝާހިގު ބަލާލިއެވެ.

” ހާދަ ރީތި ބުމައެކޭ…  ލޯ ވެސް ހަމަ އެހާ ރީތި، މި ތުންފަތް އަދި މާ ރީތި….” ޝާހިޤުގެ މިބަސްތަކަށް ޒޯޔާ އިސްޖަހާލިއެވެ.

“ދެން ހެޔޮ… ޒޯ މިހާރު ލަދުގަންނަ ގޮތްވެއްޖެ… ޝާހިޤަށް އަލަކަށްނޫނެއްނު ޒޯ މި ފެނުނީ” ޒޯޔާ ޝާހިޤުގެ ތަނަވަސް މޭމަތީ މޫނުފޮރުވާލަމުން ބުނެލި އެވެ. ޝާހިޤަށް ބޭއިޚްތިޔާރުގައި ޒޯޔާ އޭނާގެ މޭގައި ބޮނޑިކޮށްލެވުނެވެ. ދެމަފިރިންގެ ދެމެދުގައި އުފެދެމުންދިޔަ ލޯބީގެ ހޫނުކަމުގައި ހުޅުހިފީ އެވެ. އެއަލިފާނުގައި އަނދައިގެން ދިއުމަށް ޒޯޔާ އަށް އޭނާގެ ހަށިގަނޑު ދޫކޮށްލެވުނެވެ. ލޯތްބަކީ ހާދަހާވާ ބާރުގަދަ އެއްޗެކޭ އެވަގުތު ޒޯޔާގެ ހިތަށް އަރަމުން ދިޔައެވެ. ހަމައެއާއެކު އެހާމެ ފޮނި މީރު ޢަރާމެއް ލިއްބައިދޭ އެއްޗެއް ވެސް މެއެވެ.

ޒޯޔާ ޝާހިޤުގެ އަތުތެރޭގައި ލޯމަރާލައިގެން އޮތްއިރު އޭނާގެ މޫނުމަތިވަނީ އުޖާލާވެ ތުންފަތައް ރަކި ހިނިތުންވުމެއް ވެރިވެފަ އެވެ. ޝާހިޤު ވެސް ލޯމަރާލައިގެން އެއް އަތުން ޒޯޔާގެ އަތުގައި ފިރުމާލަ ފިރުމާލާ އޮތެވެ. އެ ދަމަފިރިން ސިއްސައިގެން ދިޔައީ ދޮރުގައި ތަޅައިގަތް އަޑަށެވެ.

“ކޮބާތަ؟ ނިދުނީތަ؟ މި ވަންނަނީ އިނގޭ” މިޝްކާގެ އަޑުއިވުނެވެ. އޭނާގެ އަޑުގެ އިތުރުން އެހެން މީހެއްގެ އަޑު ވެސް އިވުނެވެ. އެއާއެކު ޒޯޔާ ފުންމައިގެން ތެދުވި އެވެ.

“ތިހެން އަދި ނުވަދެވޭނެ، ހުޅުވަންދެން މަޑުކުރޭ” ޝާހިޤު، މިޝްކާއަށް ޖަވާބު ދިނުމުގެ ގޮތުން ބާރަށް ބުނެލި އެވެ.

މާގިނައިރެއްނުވެ ދޮރު ހުޅުވާލި އިރު އެކަކުވެސް ފެންނާކަށްނެތެވެ. އެކަމަކު ގޭތެރޭގެ އަޑުފަށްގަނޑު ވަނީ ގަދަވެފަ އެވެ. ޒޯޔާ ލޯގަނޑުކުރިމަތީ ހުރެ ތައްޔާރުވަމުންދިޔަ އެވެ. ޝާހިޤު ކޮޓަރިން ނުކުންނަމުން ގަޑިއަށްބަލާލި އެވެ. އޭރު ރޭގަނޑު ހަތެއްޖަހާ ހިނގައްޖެ އެވެ.

ޝާހިޤު ނުކުތީ ސިޓިން ރޫމަށެވެ. އޭރު ރަޔާން ކައިރީ އިން ޝާމިން ފެނިގެން އޭނާގެ ކައިރީގައި ގޮނޑިއެއް ދަމާލާފަ އިށީނެވެ. އަދި އެވަގުތު ގޭތެރޭގައި ހަރަކާތްތެރިވަމުން ދިޔަ މީހުންނަށް ނަޒަރުހިންގަންފެށި އެވެ.

“ދޮންބޭ، ހާދަ ސަޅި ބިޓުން މިތާ އެބަ އުޅެއޭ ދޯ” ޝާހިޤު ލާނެތްގޮތަކަށް ޝާމިންއަށް ބުނެލި އެވެ.

“ސާބަސް ހަމަ ކޮއްކޮއަށް، ދެން މިހާރު ތިގޮތް ހުއްޓަންވީނު، ނުލާހިކު ލޯބި ލޯބި ކުއްޖަކާ އިނދެގެން ތިއުޅެނީ” ޝާމިން ޝާހިޤުގެ ފައިގާ ޖަހާލަމުން ބުނެލި އެވެ.

“ކޮބާތަ ޒޯ މިހާރު” ޝާމިން އަހާލިއެވެ.

“އޭނަ އަދިވެސް ތިއްތިވަނީ…. އަންހެނަކާއޭ މިއުޅެނީ އިނދެގެން…. ދޮންބެއަށް ވެސް އޮޅިފައެއް ނޯންނާނެ މިހާރު މިއަންހެނުން ރީތިވާން ނަގާހާ އިރެއް… ފަސް މިނެޓު ބައިގަޑިއިރަށް ދެމިގެންދާނެ…” ޝާހިޤު ބުނި އެއްޗަކަށް ޝާމިން ވެސް ހެމުން ހެމުން އެއްބަސް ވިއެވެ.

ނާދިއާ ބަދިގޭގައި އަލިމަނިކުގެ ތިމާގެ ބައެއް އައިސް އުޅޭތީ އެމީހުންނަށް ސައިހަދައިގެން ވާހަކައިގައި ހުއްޓެވެ. މިޝްކާ އޭނަގެ ކޮޓަރިން ނުކުމެ ކުރިމަތީގައި ހުރި މަލާކްގެ ކޮޓަރިއަށްވަންތަން ޒޯޔާއަށް ފެނުނެވެ. ޒޯޔާ އަވަސް ފިޔަވަޅުތަކެއްގަ މަލާކްގެ ކޮޓަރިއަށްވަނެވެ.

“ވާއު!” ލޯގަނޑު ކުރިމަތީ ހުރި މަލާކް އާއި މިޝްކާ ބުނެލިއެވެ.

“ސަޅި ދޯ” ޒޯޔާ ވެސް އޭނާ ލާފައި ހުރި ހެދުން ދައްކާލުމަށް އެނބުރިލަމުން ބުނެލިއެވެ.

“ކީއްތަ ތިކުރަނީ؟” ޒޯޔާ ރީތިވެގެން އައިއިރު މަލާކަށް އަދި ތައްޔާރެއްނުވެ ވެއެވެ. އެހެންވެ ލަސްވަނީ ކީއްވެތޯ މަލާކް އާއި މިޝްކާއަށް ބަލާލަމުން ޒޯޔާ އަހާލިއެވެ.

“މިއުޅެނީ މި ބުރުގާ ނޭޅިގެންނު…. ވަރަށް އުނދަގޫ ފޮއްޗެއް މީ….” މަލާކް ފޫހިކަމާއިއެކު ލޮލުން ބުރުގާއަށް އިޝާރާތެއް ކޮށްލަމުން ބުނެލިއެވެ.

“ހޫނ!… ހޫނ!… ހާދަ ވަރަކަށް ތި ފުށްޖަހަނީ” ކޮޓަރިން ނުކުމެގެން ސިޓިން ރޫމާ ދިމާއަށް ދަމުން ޝާދިން މަލާކުގެ ކޮޓަރިއަށް ބޯ ދިއްކޮށްލާފައި އަންހެންވެރީންނާ ދިމާކޮށްލުމަށް އެއްޗެއް ބުނެލާފައި ހިނގައްޖެއެވެ.

މިއުޒިކް ޝޯ ހުށައަޅައިދޭ މީހުން އެމީހުންގެ ސާމާނުތައް ޝޯ ފެށުމުގެ ކުރިން ތައްޔާރުކުރުމުގައި އުޅެއެވެ. އެމީހުންނަށް އެކިކަންތައްތަކުގައި އެހީތެރިވެ ދިނުމުގައި ޝާރިޤު އަވަދިނެތި އުޅެއެވެ. ސިޓިން ރޫމުގައި ގޮޑިޖަހާ ދިނުމަށް ޝާދިންއަށް ޝާރިޤު އިޝާރާތް ކޮއްލިއެވެ.

ގަޑިން ބަރާބަރު ނުވައެއް ޖެހިއިރު ޝޯ ފަށައިފި އެވެ. ލަވަތަކުގެ އަޑަށް ގޭދޮށު ބައެއްމީހުން ވެސް ސިޓިން ރޫމުގެ ދޮރުމަތީ ތިއްބެވެ. ނަށާ ކުދިން ނަށަނީ އެވެ. ޝޯގެ ފޯރިގަދަ ކަމާހެދި ޝާހިޤަށް ވެސް ހުރެވެނީއެއް ނޫނެވެ. އޭނަ އިރުއިރު ކޮޅާ ނަށާލައެވެ. ޒޯޔާ އޭނާގެ އަތުގައި ހިފަހައްޓައިގެން ނެތްނަމަ މިހާރު އޭނާ ނަށަން އެރީސްކަން ކަށަވަރެވެ. ޝާދިންއަށް މި މަންޒަރު ފެނިގެން ހީނހީނފަ ޝާމިން މެންގެ ދެމަފިރިންނަށް ދައްކައެވެ.

ޝޯ ނިމެން ކައިރިވެފައި ވަނިކޮށް ރިކުވެސްޓްތައް އަންނަން ފެށިއެވެ. މަލާކްގެ ފަރާތުން ޝާމިންއަށް، ޝާހިޤުގެ ފަރާތުން ޒޯޔާއަށް އަދި އެތަނަށް ޝޯބަލަން އައިސް އުޅޭ ޒުވާން އެހެން ކުދިންގެ ފަރާތުން ވެސް މެއެވެ. ޒޯޔާ މަލާކް އާއި މިޝްކާ ކައިރިއަށް ޖެހިލި ވަގުތު ބަލާފައި ޝާހިޤު ނަށަން އެރި އެވެ. އެންމެން ހީނހީނ ތިއްބެވެ. ނާދިއާވެސް އަލިމަނިކު ކައިރީ ޝޯ ބަލަން ހުއްޓެވެ. ރިކުއެސްޓުގެ އަޑުއިވިފައި ނާދިއާ ލަދުން އަލިމަނިކުގެ ފަހަތަށް މޫނުލާ ފޮރުވާލިއެވެ. އެވަގުތު އަލިމަނިކުގެ ހުނުމުގެ އަޑު ނާދިއާއަށް އިވިގެންދިޔަ އެވެ.

“އެކަހަލަ ސަކަރާތް ޖަހާނެ އެކުދިން” އަލިމަނިކު ނާދިއާއަށް ބަލާލަމުން ބުނެލިއެވެ. ޝާހިޤު ހުރީ މައިކު ހިފަހައްޓައިގެންނެވެ.

ޝޯ ނިންމާލި ލަވަޔަށް ގޭގެ ހުރިހާ ކުދިން ނަށަން އެރިއެވެ. ކުއްލިއަކަށް ޝާހިޤު މަންމަ ނާދިއާގެ އަތުގައި ހިފާފައި ގެންދިޔަ އެވެ.

“ކަމޯން މަންމާ…” ހުރިހާ ކުދިންގެ ތަރުހީބާއި ޖޯޝާއި ފޯރީގެ އަޑު އެއްފަހަރާ އިވުނެވެ.

“މިމީހުން ޖަހާފާނެ ކޮންމެފަދަ ސަކަރާތެއް ވެސް، މަންމައަކަށް ނަށާކަށް ނޭނގެއޭ…” ނާދިއާ ކުދިންގެ ލާނެތްކަމާހެދި ކުދިކިޔާލިއެވެ.

* * * * * * *

މުޅިހަފްތާ ނިމިގެން ދިޔައީ މަޖަލާ ސަކަރާތުގަ އެވެ. ބުރަކޮށް އުޅުމަށްފަހު ޢާއިލާގެ ހުރިހާ މެމްބަރުންނާއެކީ ވަގުތު ހޭދަކޮށްލަން ލިބުމުން އެންމެން ވެސް ތިބީ އުފަލުންނެވެ. ނަމަވެސް އެ ހުރިހާ ކަމެއް ނިމުމަކަށް އައީ އެވެ. އޮފީހަށް ދާ މީހުން އޮފީހަށް ދިޔައީ އެވެ. ގޭތެރޭގައި ހުރިހާ ކުދިންގެ އަނބިން މަންމަ ނާދިއާ އާއިއެކު ގޭތެރޭކަންތައްތަކުގައި އުޅެ އެވެ. ސްކޫލްތައް ހުޅުވެން ކުރިއަށް ދެ ދުވަހެއް ވަރު އޮތްއިރު މަލާކު ދަރިފުޅު ރަޔާންގެ ފޮތްބައި ތައްޔާރު ކުރަނީ އެވެ. އެކަމުގައި ޒޯޔާ މަލާކަށް އެހީތެރިވުމުގައި އުޅެ އެވެ.

އާދުވަހެކެވެ. ޒޯޔާ ހުރީ ޝާހިޤުގެ ޓައި ރަގަޅުކޮށްދޭށެވެ. ޝާހިޤު އޮފީހަށް ދާން ތައްޔާރުވަނީ އެވެ. އެހެން ހުރިއިރުވެސް ޒޯޔާގެ ބަނޑުގަ އިރުއިރުކޮޅާ ކޮއްޓާލައެވެ. ޒޯޔާ ހީލިއަރައިގަނެގެން ތެޅިގަނެ އެވެ. އެކަންވެސް ޝާހިޤަށް ވަނީ މަޖާކަމަކަށެވެ.

“ދެން ހުރޭ ގަނޑިޖެހެންދެން…. އޮފީހަށް ތަންކޮޅެއް އަވަހަށް ދާންވާނެއެންނު” ޒޯޔާ ޝާހިޤުގެ ބުރަކަށީގައި އަތްއަޅައި ކޮއްޕަމުން ދޮރާދިމާލަށް ދިޔަ އެވެ.

ކޮޓަރި ދޮރު ހުޅުވާލާފަ ޝާހިޤު ނިކުތް އިރު ޒޯޔާވެސް ނިކުތެވެ. ދެމީހުން އެކީ ދިޔައީ ބަދިގެއަށެވެ. އޭރު ގޭގެ އެހެން ފިރިހެނުން ތިބީ ކާމޭޒު ދޮށުގަ ސައިބޯށެވެ. ނާދިއާ އާއި މަލާކް ވެސް ކާމޭޒުދޮށުގައި އިށީނދެގެން ތިއްބެވެ. ޝާހިޤު އައުމުން އެންމެން ދިމާކޮށްލި އެވެ. އެއީ ކޮންމެ ދުވަހެއްގެ ވެސް އާދައެވެ. ޝާހިޤު އަށް ސައިބޯން ނުކުމެވޭވަރު ވާނީ އެހެންމީހުންނަށް ވުރެ ލަހުންނެވެ.

“ޝާމިން، އާދެވޭނެތަ ރަޔާން ސްކޫލަށް ދާގަޑިއަށް….. މިއަދު ފުރަތަމަ ދުވަސްވީމަ ދާނީ ޑެޑީ އާއެކީގައޭ ކިޔާފަ ރޭގަ ނިދީވެސް” މަލާކް ޝާމިންއަށް ފެންތަޓެއް އަޅައިދެމުން ބުނެލި އެވެ.

“އާން ބަލާނަން އާދެވޭތޯ” ޝާމިން ޕާންފޮތި ތައްޔާރުކޮށްލަމުން ބުނެލިއެވެ.

“ބަލާނަމޭ….” މަލާކު ޔަޤީންކަން ކުޑަގޮތަކަށް އަހާލިއެވެ.

“ބަލާނަމޭ ބުންޏަސް ވަރަށް މަސައްކަތް ކުރާނަން އަންނަން އިނގޭ” ޝާމިން މަލާކްގެ ކޯތާފަތުގައި ލޯތްބާއެކީ ފިރުމާލަމުން ބުނެލިއެވެ.

އަލިމަނިކާއި އެކީ ހުރިހާ ކުދިންވެސް ގޭން ނިކުތީ އޮފީހަށް ދިއުމަށެވެ. ޝާރިޤު ދިޔައީ އަލިމަނިކު ގޮވައިގެންނެވެ. އެއީ އޮފީހަށް ދާ މަގުމަތީ އަލިމަނިކުގެ ފިހާރައަށް އޭނަ ލާދިނުމަށެވެ.

“މަންމާ ކޮބާތަ މިޝްތާ” ޒޯޔާ ކާމޭޒުކައިރީ އިށީންނަމުން އަހާލިއެވެ.

“އެކުއްޖާއަށް އަދި ހޭލެވޭވަރު ނުވެގެން އެއުޅެނީ….” ނާދިއާގެ އެޖުމްލަ އަޑުއިވިފައި މަލާކް ކައިރިއަށް ހިނިއެވެ. އޭރު މަލާކް ހުރީ އުނދުން ކައިރީ ބިސްގަނޑެއް އަޅާށެވެ. ހުރިހާ އަންހެންވެރިން ސައިބުއިން އޮންނާނީ އޮފީސްތަކަށް ފިރިންތައް ފޮނުވާލުމަށްފަހުއެވެ.

“ދޮންބެދައްތާ، ޒޯޔަށް ހާދަ ނުބައިވަސް އެބަދުވައޭ ތީގެން…..” ޒޯޔާ ނޭފަތުގައި ހިފަހައްޓާލަމުން ބުނެލިއެވެ.

“ބިސްގަނޑުގެ ވަސް އެދުވަނީ، އަނެއްކާ ބިސް ތަޅާލިއިރު ކުންޏެއް ވެސް ނޫން…” މަލާކް ހައިރާންކަމާއެކީ ތަވައިން ވަސްބަލާލަމުން ބުނެލިއެވެ.

“މަންމަ އަކަށް ނުދުވާ ނުބައިވަހެއް…” ކާމޭޒުދޮށުގައި ހުރި ނާދިޔާވެސް ނޭފަތް އެތެރެއަށް ދަމާލަމުން ބުނެލިއެވެ.

މެންދުރުވީއިރު ވެސް ޒޯޔާ އޮތީ ކޮޓަރީގައެވެ. އޭނަ ވިސްނަމުން ދިޔައެވެ. އޭނަ އަށް މިވާ ގޮތްތަކާ ދޭތެރޭގައެވެ. މީގެ ކުރިން ދުވަހަކުވެސް ޒޯޔާއަށް ކުކުޅު ބިހަކީ ނުބައިވަސް ދުވާ އެއްޗެއްނޫނެވެ. މިއަދު އޭނަ އެއްވެސް އެއްޗެއް ކާހިތެއް ވެސް ނުވެއެވެ. އަބަދުހެން ހުންނަނީ ހޮޑުލަވާ ގޮތްވެފައެވެ. ތެދުވީމަ ހީވަނީ މީހާގެ ބޮލަށް އެނބުރުން އަރާހެންނެވެ. އާރާމު ކޮށްލުމުން ރަނގަޅުވެދާނޭ ކަމަށް ޒޯޔާ ހީކުރިއެވެ.

ނާދިއާ، ޒޯޔާ އުޅޭގޮތުން ވަރަށް ކަންބޮޑުވިއެވެ. އެހެންދުވަސް ދުވަހާ ޚިލާފަށް ޒޯޔާ ގިނައިރު ކޮޓަރީގައި ވަގުތު ހޭދަކުރާތީ ކިހިނެއްވީތޯ ބަލާލުމަށް ކޮޓަރިއަށްވަނެވެ.

“ދަރިފުޅު ބަލީތަ…” ނާދިއާއަށް އެނދުގައި އޮތް ޒޯޔާގެ މޫނުފެނިފަ އަހާލިއެވެ. އެހިނދު ޒޯޔާ ތެދުވެ އެނދުގެ އަރިމަތީގައި އިށީނެވެ.

“ބައްޔެއް ނޫން، ކުޑަކޮށް ވަރުބަލި ވާތި މިއުޅެނީ، އެހެންވެ ހިތައްއެރީ އަރާމުކޮއްލަނިކޮށް ރަނގަޅުވެދާނެއޭ” ޒޯޔާ ހިނިތުންވެލަމުން ބުނެލިއެވެ.

“މިއަދު އެއްވެސް އެއްޗެއް ނުކައި ތިއޮންނަނީ، އާދޭ މަންމަ އާއެކީ ކޮންމެވެސް އެއްޗެއް ކާލަން” ނާދިއާ ޒޯޔާގެ އަތުގައި ހިފާ އެދުން ނަގަން މަސައްކަތް ކުރަމުން ބުނެލިއެވެ.

ޒޯޔާ ނާދިއާ އެކީ ބަދިގެއަށް ވަންއިރު މިޝްކާ ކާންއިނެވެ. މިޝްކާ ޒޯޔާ ފެނިފަ ބަލީތޯ އަހާލިއެވެ. ޒޯޔާ ޖަވާބުގައި ނޫނެކޭ ބުނެލިއެވެ. ޒޯޔާ އަށް ކެވުނީ އެންމެ ދެ ޕާން ފޮއްޗެވެ.

“މިޝްތާ، ވާނެދޯ ޝާރިޤު އައީމަ ފޮޓޯތައް ހޯދަން…..” ޒޯޔާ މޫޑު ރަނގަޅު ކޮށްލުމުގެ ގޮތުން ބުނެލިއެވެ. އޭނާއަށް ނާދިއާގެ މޫނުން ކަންބޮޑުވުން ފެންނަންހުއްޓެވެ. އެހެންވެ އަދައިގެ އުޅޭގޮތަށް އުޅެން ޒޯޔާ މަސައްކަތް ކުރިއެވެ. އަދި ނާދިއާ އަޅައިދިން ފަނިތަށި ގަދަކަމުން ބޯލިއެވެ.

ހަވީރު މަލާކް ހުރީ ރަޔާން ގޮވައިގެން ނިކުމެ ބޭރު ދޮރޯށި ކައިރީގައެވެ. ޝާމިންގެ އިންތިޒާރުގައެވެ. ރަޔާން ހުރީ ސްކޫލަށް ދިއުމަށް ތައްޔާރުކޮށްފައެވެ.

“މަންމާ ޑެޑީ އަންނާނެތަ؟” ކުޑަ ކުޑަ ރަޔާން މަލާކްއަށް ބަލާލަމުން އަހާލިއެވެ.

“ޑެޑީ ބުނުއްވީ މިހާރު އައުމުގެ މަގުމަތީގައޯ” މަލާކް ރަޔާން ގެ ހިތްހަމަޖައްސާލަ ދިނެވެ. ޝާރިޤު އޮފީސް ނިންމާފަ ގެއަށް އައީ މަލާކް އާއި ރަޔާން ދޮރުމަތީ ތިއްބައެވެ. ޝާރިޤު ކުޑަ ކުޑަ ރަޔާންއާ ތޮޅެލިއެވެ

“ދެން ޝާރިޤު  އެކުއްޖާ އެހެރީ ސްކޫލަށް ދާންށޭ…..” މަލާކް ރަޔާންއަށް އުނދަގޫވެގެން އުޅޭތީ ބުންޏެވެ.

“ދޮންބެދައްތާ، ރަޔާން ހަމަ ލޯބިކަމުން…..ބެހިލާހިތްވީ……” ޝާރިޤު ބުނެލިއެވެ.

ޝާރިޤު ގެއަށްވަނުމާއެކީ ނާދިއާއަށް ގޮވާލިއެވެ. އޭރު ނާދިޔާ އުޅެނީ ފާހާނާގައެވެ. ޝާރިޤު ހުރީ ވަރަށް ހައިވެފައެވެ. އެއީ އޭނައަކީ އޮފީސް މީހުންނާއެކީ ސައިބޮއެ ކައިހަދާ މީހަކަށް ނުވާތީއެވެ. ޝާރިޤު އެއްޗެހި ބަދަލު ކޮއްލައިގެން ނިކުތްއިރު މަލާކް އިނީ ކޮޓަރީގައި ދޮވެފައިހުރި އެއްޗެހި ފަތްޖަހަންށެވެ.

“ދޮންބެދައްތާ ކާންހަދާދީބަލަ………” ޝާރިޤު ކޮޓަރީގެ ދޮރުމަތީ ހުރެ ބުންޏެވެ. މަލާކް ގޮވާލީ ޒޯޔާއަށެވެ. އޭރު ޝާރިޤު ބަދިގެއާ ދިމާލާށް ހިގައިގެންފިއެވެ.

“ކީކޭތޯ…” މިޝްކާގެ ކޮޓަރި ތެރޭ އޮތް ޒޯޔާ ނިކުންނަމުން އަހާލިއެވެ

“ދޭބަލަ ޝާރިޤަށް ކާންހަދާލަ ދޭން، އޭނަ ވަރަށް ބަނޑުހައިވެގެން އެއުޅެނީ، ދޮންބެދައްތަ މިއެއްޗެހި ފަތްޖަހާލަންވެގެން އިނގޭ………” މަލާކް އެހެން ބުނުމުން ޒޯޔާ އަވަސްވެގަތީ ޝާރިޤަށް ކާން ހެދުމަށެވެ.

ޝާރިޤު ކާންފެއްޓުމުން ޒޯޔާ އޭނައަށް ފަނިތައްޓެއް އަޅައިދިނުމަށްފަހު ދާން ހިނގައިގަތެވެ. ” އަހަރެން ކަންދެން މިތާ މަޑުކޮއްލަ ފާނަންތަ…ޕްލީސް” ޝާރިޤު އާދޭހުގެ ގޮތަށް ބުނެލިއެވެ. ޒޯޔާ އާމުކޮށް ޝާރިޤު އާއި އެހާ ވާހަކަ ނުދައްކާތީ އިނީ ބުނާނެ އެއްޗެއް، ދައްކާނެ ވާހަކައެއް ނެތިފައެވެ.

“ކޮބާ ޝާހިޤު، އަދި ނާދޭތަ” އެ ހަމަހިމޭންކަން ނައްތާލަމުން ޝާރިޤު އަހާލިއެވެ.

“އާން… އަދި ނާދޭ، އޭނަ އަންނާނި ވަރަށް ލަހުން، އިރުއޮއްސޭކަން ހާއިރު” ޒޯޔާ ބަދީގޭގައި އިން ގަޑިއަށް ބަލާލަމުން ބުނެލިއެވެ

“ޒޯ މަށަށް ބިސްގަނޑެއް އަޅައިދީފާނަންތަ؟” ޝާރީޤު ފަނިތަށިން އެތިފޮދެއް ބޯލަމުން ބުނެލިއެވެ.

ޒޯޔާ ގޮނޑިން ތެދުވީ ޝާރިޤަށް ބިސްގަނޑެއް އަޅައިދިނުމަށެވެ. އެކަމަކު އޭނަގެ ހިތައް އަރަމުން ދިޔައީ ހެދުނުގެ ހާދިސާ މަތިންނެވެ. ނަމަވެސް އެއީ ވަރުދެރަވީމަ ވީގޮތަކަށް ވެދާނެތީ ޒޯޔާ އައިސް އަލަމާރިން ބިހެއްނެގިއެވެ. އަދި ކުޑަ ތައްޓަކަށް ބިސް ތަޅާލިއެވެ. އެވަގުތު ޒޯޔާގެ މޫނުގެ ކުލަވަރު މުޅިން ބަދަލުވެއްޖެއެވެ. ދުވިވަހުން ޒޯޔާ ނޭފަތާ އަނގައިގާ އަތްއެޅިއެވެ. އޭނަގެ ހެއަށްވެސް ގޮތްވެއްޖެއެވެ.

ޒޯޔާއަށް ހީވީ ދުވިވަހުން އަނބުރައިގަނެދާނެހެންނެވެ. އެކަމަކު ހިތްވަރު ކޮއްލާފަ ހޫނު ތަވަޔަށް ތަށީގަ ހުރި ބިސް އޮއްސާލިއެވެ. ޝާރިޤަށް ޒޯޔާގެ މޫނެއް ނުފެނެއެވެ. އެކަމަކުވެސް ޒޯޔާ ކުރާކަމެއް އޭނައީނީ ޝައުގުވެރިކަމާއެކީ ބަލާށެވެ. މަޑުކޮށްގެން އިނީ ބިސްގަނޑު ގެނައުމުން ކެއުން ކުރިއަށް ގެންދާށެވެ.

ޒޯޔާ ބިސްގަނޑު ލާފައިވާ ތަށިގެނެސް ޝާރިޤު ކައިރީ މޭޒުމަތީބެހެއްޓުމާއިއެކު އޭނައަށް އެންމެ އިރުކޮޅަކަށްވެސް ކެތެއް ނުކުރެވުނެވެ. އަވަސް އަވަހަށް އެބަ އަންނަމޭ ބުނެ ދުވެފައި ކޮޓަރިއަށްވެނެވެ. ޒޯޔާއަށް ފާހާނާއަށް ވަދެވޭވަރުވީ ކިރިޔާއެވެ. ފާހާނާގެ ތަޅުންގަނޑު މައްޗައް ހޮޑުދުއްވާލެވިއްޖެއެވެ. ޒޯޔާއަށް ހޮޑުލެވުމުގެ ސަބަބުން އިތުރަށް ހަށިގަނޑުގެ ވަރުދެރަވާގޮތް ވިއެވެ. އަނެއްކޮޅުން ފާހާނާވެސް ސާފުކުރަން ޖެހުނީއެވެ.

ޒޯޔާ ފާހާނާ ސާފުކޮށް ނިންމާލާފަ ކޮޓަރިން ނިކުތްއިރު ޝާރިޤު ކައިނިންމާފަ ކޮޓަރިއަށް ވަންނަނީއެވެ. ޝާރިޤު ޒޯޔާ އަށް ވަރަށް ރަގަޅަށް ބަލާލިއެވެ. ޒޯޔާގެ މޫނުމަތި މިލާފާވާތީއެވެ. “ޒޯޔާ އަނެއްކާ ބަލީބާ….” ޝާރިޤުގެ ހިތައް އެރިއެވެ. އެކަމަކު އެއްވެސް އެއްޗެއް ނުބުނެ ކޮޓަރިއަށްވަދެ ދޮރުލެއްޕިއެވެ.

މޭޒުމަތީ ހުރިތަށިތައް ނަގާ ސިންކަށް އަޅާލުމަށްފަހު ދޮންނަންފެށިއެވެ. ޒޯޔާ ސިއްސައިގެން ދިޔައީ ފަހަތުން މީހަކު އައިސް އޭނަގެ ކޮނޑުގައި މަޑުމަޑުން ޖަހާލީމައެވެ.

“ޕޮއް…..” މިޝްކާގެ އަޑުއިވުނެވެ. ގޭތެރޭގައި ޒޯޔާ ކިރިޔާވެސް ވާހަކަ ދައްކާ ހިޔާލުތައް ޝެއަރކޮށް އުޅެނީ މިޝްކާ އާއިއެވެ. މަލާކް އާއި ވަކި ވާހަކަ ނުދައްކަނީކީ ނޫނެވެ. އެކަމަކު ބައެއް ކަންތައްތައް ނާދިއާ އާއި މަލާކް އާއި މަޝްވަރާ ނުކުރެވެނީ އެމީހުންނަށް ކުރާ އިޚްތިރާމެއްގެ ބޮޑުކަމުންނެވެ. މިޝްކާ ގެ މިޒާޖުގެ ގޮތުން އޭނަ ޒޯޔާ އާއި ކޮންމެ ވާހަކައެއް ދައްކާކަށްވެސް ފަހެއްނުޖެހެވެ. މިޝްކާ އަށްވެސް ގިނައިން ކަންތައްތައް ކިޔާ ދެވިފައި ހުރީ ޒޯޔާ އަށެވެ. އެދެމީހުންގެ މެދުގައި އާއިލީ ގުޅުމާއެކީ ރަޙްމަތެރިކަމުގެ ގުޅުންވެސް ދިޔައީ ބަދަހިވަމުންނެވެ. އެހެންވުމާއިއެކު ޒޯޔާ އަށް މިދިމާވާ އާކަންތައްތަކުގެ ވާހަކަ ބުނަން ހިތަށްއެރިއެވެ. ނަމަވެސް ތަންކޮޅެއްފަހުން ބުނަން ޒޯޔާ އަށް އެވާހަކަ ފަސްކޮށްލެވުނީއެވެ.

“ޒޯ ނައިސްގެން މިއައީ……….” މިޝްކާ މޭޒުކައިރިން ގޮނޑިއެއްގައި އިށިންނަމުން ބުނެލިއެވެ.

“ދެންމެ ޝާރިޤު ކައިނިމުނީ………..ތަށިތައް ނަގާފައެއްނު ދާންވާނީ….” ޒޯޔާ ތަށިތަށް ދޮންނަމުން ބުނެލިއެވެ.

“އޭ ޝާރިޤު ކޮޓަރީގަ ދޯ، ދާންވީ އުނދަގޫކޮއްލަން………..ފޮޓޯތައް ކޮބާހޭ އަހަންވީ” މިޝްކާ ޝާރިޤުގެ ކޮޓަރީގައި ޓަކިޖަހާލިއެވެ. ކޮޓަރިތައް ހަދާފައިވާ ގޮތުން ސިޓިން ރޫމުން ވަންނަ އިރު ކަނާތްފަރާތުގައި އިންނާނީ ނާދިއާ އާއި އަލިމަނިކުގެ ކޮޓަރިއެވެ. މެދުގަ މަގެހެއްހެން ވަދެގެން ދާއިރު ދެފަރާތުގައި ހުންނަނީ ޝާދިން އާއި ޝާމިންގެ ކޮޓަރިއެވެ. އަދި ޝާހިޤު އާއި ޝާރިޤުގެ ކޮޓަރި ހުންނަނީ އެންމެ ބިއްދޮށުގައެވެ.

“މިޝްތާ، ޝާރިޤު ދެންމެ އެވަނީ ކައިގެން، ރެސްޓެއް ނަގަން ކަންނޭގެ އެވަނީ……….” ޒޯޔާ އަތްފުހޭ ތުވާލިކޮޅުން އަތްފުހެލަމުން ބުންޏެވެ.

“ރަގަޅުވާނެ…………އޭނަ ދެން މުޅި ދުވަހު ރެސްޓު ކުރުމެންނު އޮންނާނީ…….ބިޓެއްވެސް ހުންނަ މީހެއްނޫން…..” މިޝްކާ އެހެން ބުނެފަ ހޭންފެށިއެވެ. އަދި ދޮރުގައި ޓަކި ޖަހަން ފެށިއެވެ. ޒޯޔާވެސް ހީނލަ ހީނލާ ހުއްޓެވެ. މިޝްކާ ހަދާ ގޮތެއްބަލަން ޒޯޔާވެސް ގޮނޑިއެއްގައި އިށީނެވެ.

ޝާރިޤު އޭނާގެ ކޮޓަރި ދޮރުގައި މީހަކު މާވަރަކަށް ޓަކިޖަހާތީ ދޮރުހުޅުވާލިއެވެ.

“މިއައީ ފޮޓޯތައް ބަލަންވެގެން…” ޝާރިޤަށް ބަހެއް ނުބުނެވެނިސް މިޝްކާ ބުނެލިއެވެ.

“ފޮޓޯތައްދޯ…” ޝާރިގު އެހެންބުނެ ޖުމްލަ ދަމާލިއެވެ.

“ނޫން…ނޫން…ނޯ ޗާންސް، މިއަދު ޖެހޭނީ އެހުރިހާ ފޮޓޮއެއް ދައްކަން، ކޮންދުވަހެއް މިހާރު………” މިޝްކާ ގޮތްދޫނުކޮށް ބުނިބަހުގައި ހިފަހައްޓާލިއެވެ.

“އެހެންވީރު އާދޭ މިފިލްމު ބަލަން…………ބަލާނިންމާފަ ފޮޓޯތައް ދައްކާނަން………” ޝާރިޤު ކޮޓަރި ތެރެއަށް ހިނގައިގަންނަމުން ބުނެލިއެވެ. މިޝްކާ އަވަހަށް ކޮޓަރިއަށް ދެމިގަންނަމުން ޒޯޔާއަށްވެސް އައުމަށް ގޮވާލިއެވެ.

ޒޯޔާ އަށް ޝާރިގުގެ ކޮޓަރިތެރެއަށް ބަލާލެވުނެވެ. މިނޫނީ އަދި ޒޯޔާ އެގެއަށް އައިފަހުން އެކޮޓަރިއަށް ނުވަދެއެވެ. ވަންނަންވެސް އަދި ނުޖެހެނީއެވެ. އެއީ ޝާރިޤުގެ ހުރިހާ ކަމެއް ކޮއްދޭނީ ނާދިއާ އާއި މަލާކް އެވެ. ޒޯޔާ އަށް އެކޮޓަރިވަރަށް ރީތިވިއެވެ. ވާހަކަފޮތް ބަހައްޓާފައިވާ ބިއްލޫރި ރެކެއްވެއެވެ. ފާރުގައި ތިރީސް ދެއިންޗީގެ ފްލެޓް ސްކްރީން ޓީވީއެއް ހުއްޓެވެ. އޭގެ ތިރީގައި އެއަރޓެލް ޑީކޯރޑަރެއް ހުއްޓެވެ. ފިލްމުގެ އަޑުއިވުމުން ކޮޓަރީގައި ތިއޭޓަރ ސިސްޓަމެއް ހަރުކޮއްފައި ވާކަންވެސް އިނގުނެވެ. ކޮޓަރިއަށް ވަނުމަށް ފައިތިލަ އަޅާލުމުން ކަފަކޮޅެއްހާ މަޑު ރަތްކުލައިގެ ކާޕެޓެއްއޮތްކަން އިހްސާސް ވިއެވެ. ރީނދޫ އައްޔަކުން ކޮޓަރިތެރެ އަލިވެފަ ހުރިއިރު ކޮޓަރީގައި ލާފައިވާ ކުލައާއި ކޮޓަރީގައި ހުރި އެހެނިހެން ސާމާނުގެ ސަބަބުން އަދި ވަކިން ރީތިކަން ފުރިހަމަކޮއްދެއެވެ.

“ޒޯ، އިށީނދޭ…..”ޝާރިޤު ކޮޓަރީގެ ކަނެއްގައި ހުރި ގޮނޑިއެއް ގެނެސް އެނދު ކައިރީ ބަހައްޓަމުން ބުނެލިއެވެ.

ޒޯޔާ އިށީނނީ ފިލްމު ބަލަންށެވެ. މިޝްކާ ޝާރިޤުގެ އެނދުގައި ދެފައި ވަށްކޮލައިގެން އިނެވެ. އޭނަ އިނީ ފިލްމު ނިމޭނެ އިރަކަށެވެ. އޭނަ އަކީ އިނގިރޭސި ފިލްމު އެހާ ބަލާ ހިތްވާ މީހެއް ނޫނެވެ. އެކަމަކު މަންމަ ނާދިއާ އާއެކީ ބާރާބަރަށް ހިންދީ ޗެނެލްތަކުންދައްކާ ޑްރާމާތައް ބަލާނެވެ. އަދި ގިނަފަހަރަށް ނާދިއާ ނެތިއްޔާ ނުވެސް ބެލޭނެއެވެ. ކޮންމެތަނަކުންވެސް ނާދިއާ ގޭގައި އުޅެންޏާ ޑްރާމާ ބަލަން ގޮވާ ގެންނާނެއެވެ. އެކަންތައް ބޮޑުވެގެން ޝާދިން ހުންނަނީ ބަދިގެއަށްވެސް ޓީވީއެއް ލާދީފައެވެ.

ޒޯޔާ އަށް ފިލްމުބެލޭވަރެއް ނުވިއެވެ. އިރު އިރުކޮޅާ ފާހާނާ އަށް އޭނަ ދުވެއެވެ.

“ޒޯ… އިރު އިރުކޮޅާ ކޮންތާކަށްތަ ތިދުވަނީ. ޝާހިގު ކޮއްކޮ އަންނާނެއޭ އޭނަ އަންނަގަޑިޖެހުނީމަ” މިކަން ފާހަގަ ކުރެވިގެން މިޝްކާ ބުނެލިއެވެ.

“ތަނަކަށް ނުދުވަމޭ………” ގަޑިއަށް ބަލާލަމުން ބުނެލިއެވެ. ޝާހިޤު ނުވެސް ގުޅައޭ ޒޯޔާ ހިތައްއެރިއެވެ. ހެނދުނު ދެފަހަރަކު ގުޅާލިފަހުން އޭނަގެ ހަބަރެއް ނުވުމުން ޒޯޔާ ހީކުރީ މާބިޒީވީ ކަމަށެވެ. ކުރަން އެހާގިނަ މަސައްކަތް ނެތިއްޔާ އޭނަ އަބަދުވެސް ޒޯޔާއަށް ގުޅައެވެ. ދެރައީ މިފަހަކަށްއައިސް ޝާހިގަށް އިރުއޮއްސޭ ފަހުން އޮފީހުން ގެއަށް އާދެވޭތިއެވެ. ޒޯޔާ ގޭތެރޭގައި އެންމެނާ އެކު އުޅުނަސް ޝާހިޤުމަތިން ވަރަށް ހަދާންވެއެވެ. ޒޯޔާ އާއި ޝާހިޤު ލަންކާއަށް ގޮއްސަ އައިފަހުން އޮފީހަށް ބައެއްރޭރޭ ރޭގަނޑު ނުކުންނަންވެސް ޖެހެއެވެ. މިގޮތަށް ކަންތައްތައް ހުރުމާއެކީ ޝާހިޤަށް ޒޯޔާ އާއިއެކު ހޭދަކުރެވޭ ވަގުތުކޮޅު މަދުކަމުގައިވިޔަސް ޒޯޔާ ހުންނަނީ ވަރަށް އުފަލުންނެވެ. އެއީ އެމަދު ވަގުތުކޮޅުތެރޭގައި ޝާހިޤު ޒޯޔާގެ ހިތްފުރެންދެން ލޯބިދެއެވެ. ހަޔާތުގެ ދަތުރު ކުރިއަށް ގެންދާނެ ގޮތުގެ އުފާވެރި ފޮނި ބަސްތަކުންނާ ލޯބިވާވަރު ހާމަކުރުމުގައި ޒޯޔާއަށް އެފަދަ ދެވަނަ ފިރިހެނެއް އޭނަގެ ހަޔާތައް ނާންނާނެކަން އޭނައަށް ޔަގީންވެއެވެ.

” ޒޯ ދަނީ، މިހާރު ޝާހިޤު އަންނަން އުޅޭނެ، އަންނަންވާއިރަށް މިދަނީ ރީތިވެލަން…” ޒޯޔާ ހެމުން ހެމުން ތެދުވެގެން އޭނާގެ ކޮޓަރިއަށް އައެވެ. އަދި ޖީބުގައި އޮތް ފޯނުނަގާ ޝާހިޤަށް ގުޅާލިއެވެ. ނަމަވެސް ފޯނެއް ނުނަގައެވެ. ރިންގުވެފައި ކެނޑެނީއެވެ. ޒޯޔާ ފޯނު އެނދުމަތީ ބާއްވާފަ ފާހާނާ އަށް ފެންވާރާލާ ތާޒާވެލަން ވަނެވެ.

ޝާހިޤު އައިސް ކޮޓަރި ދޮރުހުޅުވާލާފަ ވަންއިރު ކޮޓަރީގައި ދުވަނީ ޒޯޔާ ޖަހާފައިވާ ސެންޓުގެ ވަހެވެ.

“ހާދަ މީރުވަސް ދުއްވާލައިގެން ތިއުޅޭނީ، ލޯބި ހާދަ ފްރެޝްއޭ” ޝާހިޤު ލެޕްޓޮޕް ކޮޓަރީގައި ހުރި ސްޓަޑީ ޓޭބަލްގައި ބާއްވާލަމުން ބުނެލިއެވެ.

” ޝާހިޤު އަންނަން ވާއިރަށޭ މިތައްޔާރުވަނީ، އުފާވެއްޖެތަ” ޒޯޔާ އިސްތަށިގަނޑު މައްޗައްނަގާ ދައްޗެއްޖަހާލަމުން ޝާހިޤާ ދިމާލަށް އެނބުރެނެވެ.

“އާދެބަލަ ލޯބީ މަގޭ ކައިރިއަށް” ޝާހިޤު ޒޯޔާގެ އަތުގައި ހިފާ އޭނާގެ ގާތަށް ދަމާލިއެވެ.

“ހޫނ…ހޫނ، ސަކަރާތް ސަކަރާތް، ޖަހާފަހުރި ސެންޓުގެ ވަސް ކެނޑިފަ ތިހިރީ” ޒޯޔާ ޝާހިޤާ ސަކަރާތް ޖަހާލިއެވެ. ޝާހިޤަށް ޒޯޔާގެ އެދޮންމޫނު ކޮންމެވެސް ވަރަކަށް މިލާފައިވީތީ ސުވާލުކޮއްލެވުނެވެ.

“ލޯބި ބަލީތަ، ދެންމެ ފޯނު ނުނެގުނީ ގެއަށް އަންނަން މަގުމަތީގަވީމަ” ޝާހިޤު ކަންބޮޑުވެފައި އަހާލިއެވެ.

“ނޫން، ތިހާވަރަށް ހާސްނުވެބަލަ، ކުޑަކޮށް ވަރުބަލިވާތީ މިއުޅެނީ” ޒޯޔާ ޝާހިޤުގެ ގަމީހާ އިސްޓާކީނު ދާވަށިގަނޑަށް ލަމުން ބުނެލިއެވެ.

ޝާހިޤުވެސް ދުވާލު ހަތަރުދަމުކަހަލަ ގޮތަކަށް އޮފީހުގަ އުޅެފައި އާދެވުމުން ތާޒާވެލިއެވެ. އަދި ރޭގަނޑުގެ ކެއުމަށް ތައްޔާރުވިއެވެ. ރޭގަނޑުގެ ކެއުމުގައި ގޭގެހުރިހާ އެންމެން ބައިވެރިވާނެއެވެ. ބައެއްރޭ ރޭ އަލިމަނިކު ބޭރަށް ދާންޖެހުނަސް އެހެން ހުރިހާއެންމެން ތިބޭނެއެވެ.

ރޭގަނޑުގެ ކެއުމަށްފަހު އެންމެންވެސް އެމީހެއްގެ ކޮޓަރިއަށްވަނެވެ. ޝާދިން އާއި މިޝްކާވެސްވަނީ ކޮޓަރިއަށެވެ. ޝާދިން އިނީ މިޝްކާދެކެ ހިތްހަމަ ނުޖެހިފައެވެ. އެއީ ޝާދިން އޮފީހަށް ދިޔަފަހުން މިޝްކާ ގުޅާނުލާތީއެވެ. އަދި ގެއަށް އައީމަވެސް ޝާދިން އާއިއެކު ކޮޓަރީގައި މަޑުކޮށްނުލާ އަނެއްކާވެސް ޝާރިޤުގެ ކޮޓަރިއަށް ފޮޓޯތައް ބަލަން ދިއުމުންނެވެ. މިޝްކާ ނިދީވެސް ޝާދިންއަށް ރުޅި މޫނުދައްކައިގެން އޮވެއެވެ. ޝާދިން ފަހުން ދެރަވިއެވެ. އެކަމަކު މިޝްކާއާ ވާހަކަ ދައްކަންއުޅެ އުޅެ ވާހަކައެއް ނުދެއްކިއެވެ.

އަރާމު ތަންމަތީގައި ޒޯޔާގެ ހަށިގަނޑަށް ޝާހިޤުގެ ހޫނުނޭވާ އެޅެމުން ދިޔައިރު އޭނަ އެތަނުން ދުވަހަކުވެސް ނުތެދުވާނަމޭ ހިތައްއެރިއެވެ. ޒޯޔާ ތެދުވަން މަޖުބޫރުވީ އަނެއްކާވެސް ހޮޑުލަވައިގަނެގެންނެވެ. ފާހާނާއިން ނިކުމެ ގަޑިބަލާލިއެވެ. އާދުވަހަކަށް އިރު އެރީއެވެ. ނިދަންވެސް އޮވެވޭކަށް ދެންނެތެވެ. އޮށޯވެއްޖެއްޔާ ޝާހިޤު އޮފީހަށް ދާގަޑިއަށް ހެއެއްނުލެވޭނެއެވެ. އެހެންވެ ޒޯޔާ މޫނު ދޮވެލާ ހަދާލައިގެން ނިކުތީ ބޭރަށެވެ.

ޒޯޔާ ބަދިގެއަށްވަނީ ފެންފޮދެއް ބޯލަންވެގެންނެވެ. އޭރު ނާދިއާ ހެދުނުގެ ސައި ތައްޔާރުކުރަން އުޅެއެވެ.

” ދަރިފުޅު ހާދަ އަވަހަކާ ހޭލައިގެން ތިއައީ، ކޮބާ ޝާހިޤު” ނާދިއާ ހޫނު ފެންއަޅާ ޖަގަށް ހޫނުފެން އަޅަން ހުރެ އަހާލިއެވެ.

“ކަމެއް ނުވޭ މަންމާ، މިއައީ ފެންބޯން” ޒޯޔާ އައިސްއަލަމާރި ހުޅުވާލަމުން ބުނެލިއެވެ. ޒޯޔާއަށް އަލަމާރީގައި ހުރި ކްރޭންބެރީ ޖޫސް ޕެކެޓެއްފެނުމުން އޭނާގެ ހިޔާލު ބަދަލުވިއެވެ. އެއީ އޭނައަށް ވަރަށް މީރު ޖޫހެކެވެ.

“މަންމާ އަޅުގަނޑު މީގެން ޖޫސް ކޮޅެއް ބޯލަންތައް” ޒޯޔާ ޕެކެޓުނަގާ ނާދިއާއަށް ދައްކާލިއެވެ.

“އާ ބޯލާ، ތީ ޝާރިޤު ގަނެފަހުރި އެއްޗެއް، ދަރިފުޅު ބޯލިޔަސް ރަގަޅުވާނެ، އަދި އެއްވާހަކަ އެބައޮތޭ” ޒޯޔާ ތަށިނަގަން އުޅެނިކޮށް ބުންޏެވެ.

“ޖޫސް ކޮޅެކޭ ނޫނޭ ބުނާނީ، ދިޔާ އެއްޗެހި ވެއްޖެއްޔާ ބުނާނީ އެތިފޮދެއް ބޯލަންހޭ” ނާދިއާ ޒޯޔާގެ ޖުމްލަ ރަގަޅު ކޮއްދިނެވެ. ޒޯޔާ ކާމޭޒުގެ ގޮނޑިއެއް ދަމާލާފައި އިށީނެވެ.

“މަންމާ މީ ކޮންކަމެއް….” މަލާކަށް ބަދިގެއަށް އާދެވުނުއިރު ޒޯޔާ އިންތަން ފެނިފައި ނާދިއާ ގާތު އަހާލިއެވެ.

“މަންމަވެސް އަހާލައިފިން މާހެދުނަކާ ނިދަން ނޯވެވިގެން މިއައީ ކިހިނެއްވީތޯ” ނާދިއާ މަލާކްއާއި އެއްބައިވެލިއެވެ.

“އަނެއްކާ ރޭގަ ހުރިހާކަމެއް ރަނގަޅުތައް” މަލާކް ނާދިއާ ގާތަށް ރޮށި ފިހެދެން ކައިރިވަމުން އަހާލިއެވެ.

“ދެން ދޮންބެދައްތާ، ކަމެއް ނުވެޔޭ” ޒޯޔާ ލަދުން އިނދެ ބުނެލިއެވެ.

ޒޯޔާ ކޮޓަރިއަށްވަދެ ޝާހިޤަށް ގޮވިއެވެ.

“ޕްލީސް ލޯބީ އަދި ފައިވް މިނެޓްސް ދީބާ” ޒޯޔާއަށް ފުރަގަސް ދެމުން ޝާހިޤު ބުނެލިއެވެ. ޒޯޔާއަށް އެއީ އާކަމެއް ނޫނެވެ. އޮފީހަށްދާން ޝާހިޤުނަގަން ޖެހޭނީ އެހާވަރުންނެވެ. އެންމެނަށްވުރެފަހުން ސައިބޯން ނުކުމެވެނީވެސް އެކަމާހެދިއެވެ. ޒޯޔާ ޝާހިޤުގެ ގައިމަތީ އޮތްރަޖާ ނެގިއެވެ.

“ހާދަ ފިންޏޭ، ލޯބި ޕްލީސް….ޕްލީސް” ޝާހިޤު ރަޖާ އަތުލަން ވަރަށް މަސައްކަތްކުރިއެވެ. އެންމެފަހުން ރަޖާ ނުލިބުމުން ޒޯޔާގެ އަތުގައިހިފާ އޭނާގެ ގާތަށް އެނދުމައްޗައް ވައްޓާލިއެވެ.

“ރަޖާވެސް ނުދިނީމެންނު ދޯ، ދެން އާދޭ ހޫނުކޮއްލަން” ޝާހިޤު ޒޯޔާ އޭނަގެ ގައިގާ ޖައްސާ ބާރުކޮއްލަމުން މޫނުގައި ބޮސްދެންފެށިއެވެ.

“ދެން…ދެން…ދެން…ޝާހިޤޫ…ޕްލީސް، ލޯބީ…ދެން މިގަޑިއަކު ނޫނޭ” ޒޯޔާ ސަލާމަތްވާން މަސައްކަތްކުރަމުން ބުނަމުން ދިޔައެވެ. ޒޯޔާ އަކަށް ސަލާމަތެއް ނުވެވުނެވެ. އެންމެ ފަހުވަގުތު ފާހާނާއަށްވެސް ވަންނަން ޖެހުނީ އެކީގައެވެ.

ޒޯޔާ ތަންކޮޅެއްކުރިން ސައިމޭޒުދޮށަށް އައެވެ. ޝާހިޤު ކައިރީ އަވަހަށް ތައްޔާރުވެގެން އައުމަށް ބުނަމުންނެވެ. އެހެންޏާ ނުފެންނަ ކަމެއް ޒޯޔާއަށް ކާމޭޒުކައިރިން ފެނުނެވެ. މިޝްކާ، ނާދިއާ އާއި މަލާކް މެން ކައިރީ އިންތަނެވެ.

“މަންމާ، އަޅުގަނޑު އެކަންޏެއް ނޫނެއްނު ނުނިދިގެން ހޭލެވުނީ” ޒޯޔާ މިޝްކާއާ ދިމާކޮއްލުމުގެ ގޮތުން ބުނެލިއެވެ. އޭރު ޝާހިޤު ކޮޓަރިން ނިކުމެގެން ވަރަށް ހަމަޖެހިލާފައި ތުނބުން ރީތި ރާގެއް އަޅުވާލާފަ ހުރެގެން އާދެއެވެ.

“އޭ…އޭ…ކަލޯ ހަމަޖެހިލާފަ ރަންވޭމަތީ ހިނގާފައަންނަހެން ތިއަންނަނީ، އަދި އެހާ ފުރިހަމައެއް ނުވޭ އެނގޭ…ހަހަހަހަހަ” ޝާމިން ޝާހިޤާ ދިމާކޮއްލިއެވެ.

“މިހާރު ކިހިނެއްވީ، ދޮންބެއަށްވެސް އެނގޭނެއެންނު މިގަޑީގަ ހުންނާނީ ހަމަޖެހިފަކަން، ފްރެޝްވެފަކަން، އެހެންނޫނަސް މިހާރުވެސް ދޮންބެއަށްވުރެ ސްމާރޓްވާނެ”ޝާހިޤު ބުނެލިއެވެ.

“ތިޔެއް ނޫނޭ، ފަޓުލޫނު ތިހިރީ ލެވިފަދޯ، ކޮބާ އަޅުވަންޖެހޭ ގޮއްތައް” އެއާއިއެކު އެންމެން ހޭންފެށިއެވެ. ޝާހިޤަށް ހަދާންވީ ދެނެވެ.

“ކޮބާ ކާންފަށަންވީނު….މަ ވަރަށް ހައި” ޝާރިޤު ބުނެލިއެވެ. ޝާމިން މަލާކަށް ބަލާލިއެވެ. އޭނަގެ ބިސްގަނޑު ނެތީމައެވެ. މަލާކް އަވަސް އަވަހަށް އެކަންކޮއްދިނުމަށް އަވަސްވެ ގަތެވެ.

ބިސްތައްޓަކަށް ތަޅާލާފަ ތަވަޔަށް އަޅާލުމުން ޒޯޔާއަށް ހީވީ ކުނިއެއްޗަކުން އޭނަގެ ނޭފަތްމަތީ ޖެހިހެންނެވެ. އަވަހަށް ތެދުވިއެވެ. އަދި އަނގަމަތީ އަތްއަޅައިގެން ކޮޓަރިއާ ދިމާލަށް ހިނގައިގަތެވެ. މިމަންޒަރު ބަލަން އެންމެން ތިއްބެވެ. ނަމަވެސް ކޮޓަރިއާއި ހަމައަށް ދެވުމުގެ ކުރިން ޒޯޔާ ވެއްޓެން ދިޔައެވެ. ކާމޭޒުގެ އެންމެ މަގަތަށް އިން ޝާރިޤު ދުވެފައި އައިސް އޭނަގެ އަތުތެރެއަށް ޒޯޔާ ލިއެވެ. އަދި ޒޯޔާ އުފުލާލިއެވެ. އެންމެން ހާސްވެ ކާމޭޒުދޫކޮއްލާފަ އައެވެ. ޝާހިޤު އަވަހަށް ކޮޓަރި ހުޅުވިއެވެ. އަލިމަނިކު އެމްބިއުލޭންސް އަކަށް ގުޅޭތޯ މަސައްކަތް ކުރިއެވެ.

“މަންމާ…މަންމާ…” ޝާހިޤު ހާސްވެގެން ހަދާނެގޮތެއް ނޭގިގެން އުޅެއެވެ. ޝާރިޤު ޒޯޔާ މަޑުމަޑުން އެނދުގައި ބާއްވާލިއެވެ. މަލާކް ފެންފޮތިކޮޅެއް ގެނެސް ޒޯޔާގެ ނިތްކުރީގައި ހާކަންފެށިއެވެ. ނާދިއާ ދެތިން ފަހަރު ޒޯޔާއަށް ގޮވާލިއެވެ. އޭނަ އޮތީ ހަބަރުހުސްވެފައެވެ.

ނާދިއާ ހުރިހާ ކުދިން ހަމައަކަށް އަޅުވަމުން، އޮފީހަށް ގަޑިނުޖެހި ދިއުމަށް ބުންޏެވެ. އަދި ނާދިއާ އާއި އެހެން ކުދިން ވެގެން ޒޯޔާ ހޮސްޕިޓަލަށް ގެންދަން އެއްބަސްވިއެވެ. ޝާހިޤު އޮފީހަށް ވަދެލާފަ އަންނާނެ ކަމަށް ބުންޏެވެ.

އެމްބިއުލޭންސްގައި ޒޯޔާ އޭ.ޑީ.ކޭ ހޮސްޕިޓަލަށް ގެންދެވުނެވެ. ގެއާ އެންމެ ކައިރީ އެތަނެވެ. ޒޯޔާ އަވަސް ފަރުވާދޭ ކޮޓަރިއަށް ވެއްދުނެވެ. އަދި ޑޮކްޓަރު ޒޯޔާ އަށް ވެގެން އުޅޭގޮތެއް ބަލަން ފެށިއެވެ.

އޭގެ ބައިގަނޑިއިރެއްހާ ފަހުން  ޑޮކްޓަރާ ނަރުސް ކުއްޖަކު އައެވެ. މަލާކް އެމީހުންނާ ވާހަކަދެއްކިއެވެ. އޭރު ޒޯޔާވެސް ހޭއަރައިފިއެވެ. އޭނަގެ ކައިރީ އިން މިޝްކާ އޭނައަށް ކަންވީގޮތް ކިޔާދިނެވެ.

“މަންމާ އުފާވެރި ޚަބަރެއް، ބައްޕާ ޒޯކޮއްކޮއަށް އެއްވެސްކަމެއްނުވޭ. ޝާހިޤު ކޮއްކޮއަށް މިޚަބަރު ދިނީމަ ނޭނގެ އުފަލުންގޮސް ކުރާނެ ކަމެއްވެސް” އުފަލުން ހިނިއައިސްފާ ހުރި މަލާކުގެ އަނގައިގައި ނުފެންނަދަތެއް ހުންނާނެހެނެއް ހިޔެއްނުވެއެވެ. އެއީ އޭނަހުރީ އެހާވެސް އުފާވެފައެވެ. ނަމަވެސް ޒޯޔާ ގެ މޫނުމަތީގައިވަނީ ހައިރާންކަމެވެ.

ޒޯޔާ މަޑުމަޑުން ތެދުވަން މަސައްކަތްކުރިއެވެ. މަލާކް އައިސް ޒޯޔާގެ އަތްތިލާގައި ހިފާ ބާރުކޮއްލިއެވެ. “މަންމާ އަޅުގަނޑުމެންގެ ކުޑަކުޑަ ޒޯ ކުޑަކުޑަ މަންމައަކަށްވަނީ” މަލާކް ޒޯޔާއާ ދިމާލަށް ބަލަންހުރެ ބުނެލިއެވެ. ޒޯޔާއަށް ބުނާނެއެއްޗެއް ނޭގުނެވެ. ފުރިހަމަ އަންހެނަކަށް އޭނައަށް ވެވިއްޖެ ކަމުގެ އިޙްސާސް ކުރެވުނެވެ. ނިހާޔާތަށް އެކަމަށް އޭނަ ޝުކުރުވެރިވެއެވެ. އެހެނީ އޭނަ އެކަމަކަށް ތައްޔާރު ނުވެ ހުއްޓަސް އޭނަ އަބަދުވެސް ޝާހިޤުގެ ދަރިއަކަށް ބަލިވެ އިނުމުގެ ޝަރަފު ލިބިގަތުމަށް ބޭނުންވެއެވެ. އެކަލާނގެ މިންވަރުފުޅުން މިއަދު އެކަންވެސް މިވަނީ ފުރިހަމަ ކޮށްދެއްވާފައެވެ. ދުނިޔޭގެ ހުރިހާ އުފަލެއް ޒޯޔާއަށް ލިބުނުކަހަލައެވެ.

ނާދިއާ ޒޯޔާ ގެނެސް އޭނާގެ މޭގައި ޖައްސާލިއެވެ. އަދި ބޮލުގައި ފިރުމާލިއެވެ. އުފަލުންގޮސް ނާދިއާގެ ލޮލުން ކަރުނަ އައިއެވެ. އަލިމަނިކު ނާދިއާ ކައިރިއަށް ޖެހިލަމުން ޒޯޔާގެ ބޮލުގައި ފިރިމާލަމުން ހަމްދުކުރިއެވެ. މިޝްކާ އާއި މަލާކް އެނދުގެ އަނެއްފަރާތުގައި އެކަކުއަނެކަކުގެ އަތުގައި ހިފަހައްޓާލައިގެން ތިއްބެވެ. އުފާވެރިކަމުގެކޮޅެއް ނެތެވެ. މަލާކްގެ އަތުގައި އޮތް ފޯނު ރިންގުވާންފެށިއެވެ.

“ދޮންބެދައްތާ، ކޮންތާކު ތި ތިބީ، އަހަރެން މިހިރީ އަވަސް ފަރުވާދޭ ބައިގަ….”ޝާހިގުގެ އަޑުއިވިގެން ދިޔައެވެ. މަލާކް އަވަސް އަވަހަށް ޝާހިޤުފެނޭތޯ ބޭރަށް ހިނގައިގަތެވެ.

މަލާކް އާއިއެކު ޝާހިޤު އައިސް ޒޯޔާގެ އެނދުކައިރީ މަޑުކޮއްލިއެވެ. އޭނަ ހުރީ ވަރަށް ހާސްވެފައެވެ. ޒޯޔާ އަށް ޝާހިޤުގެ މޫނުފެނުމުންވެސް އޭނައަށް އަދި އެއްވެސް އެއްޗެއް ނޭގޭކަން އިނގުނެވެ. ނާދިއާ ޝާހިޤަށް ތަންދައްކަމުން ފަހަތަށް ޖެހިލެވެ. ނާދިއާގެ ދެލޯ ފެނިފައި ޝާހިޤު އިތުރަށް ކަންބޮޑުވިއެވެ.

“މަންމާ، ކީކޭ ތަ ޑޮކްޓަރު ބުނީ؟” ޝާހިޤު ނާދިއާއަށް ބަލާލަމުން އަހާލިއެވެ.

“ދަރިފުޅު ހަމަޖެހިބަލަ…….އަހަރުމެންގެ ޒޯޔާއަކަށް އެއްވެސް ކަމެއް ނުވެއޭ…..” އަލިމަނިކު ޝާހިޤުގެ ކޮނޑުގައި މަޑުމަޑުން ފިރުމާލަމުން ބުނެލިއެވެ.

“ދެން މަންމަ ކީއްވެތަ ތިރޮނީ……”ޝާހިޤު ނާދިއާއަށް ބަލާލިއެވެ. “މަންމަ އުފަލުންގޮސް ލޮލުން ކަރުނައައީ…ދަރިފުޅަކީ ނަސީބުވެރިއެއް…” ޝާހިގަށް ނާދިއާ ދައްކާވާހަކައެއް ނޭގުނެވެ. އޭނަ ޒޯޔާ އޭނަގެ ގައިގާ ޖައްސާ ބާރުކޮއްލިއެވެ.

“ޒޯ އޯކޭތަ….އަހަރެންގެ ހިތްކިރިއާ ނުހުއްޓުނީ….” ޝާހިޤަށް ވެގެންއުޅޭގޮތެއް އޮޅުންފިލުވަދޭކަށް އެކަކުވެސް ނޫޅެއެވެ.

“ކީކޭތަ ބުނީ….” ޝާހިޤު އަނެއްކާވެސް އަހާލިއެވެ. މަލާކް ޝާހިގުކައިރީ ޒޯޔާ ގެއަށް ދިއުމަށް ޑޮކްޓަރު ހުއްދަ ދީފައިވާކަން ބުނެލިއެވެ. އަދި ގެއަށް ދެވުމުން ހުރިހާ ވާހަކައެއް ބުނާނެކަމަށް ބުންޏެވެ.

ހޮސްޕިޓަލުން އެންމެން ނުކުންނަނިކޮށް ޝާރިޤު އާއި ޝާދިން ސައިކަލުގައި އައިސް ދޮރުމައްޗަށް މަޑުކޮއްލިއެވެ.

“މަންމާ……..” ޝާރިޤު ހުރީ ހައިރާންވެފައެވެ. އެހާ އަވަހަށް ޒޯޔާ ދޫކޮއްލީމައެވެ.

“މިދަނީ ޒޯ ދޫކޮށްލީމަ ގެއަށްދާން، ހިނގާ….” ޝާހިޤު ޒޯޔާ މަންމައާއި ހަވާލުކޮއްލަމުން ޝާރިޤު ކައިރީ ބުނެލިއެވެ. ތިންމީހުން ސައިކަލުގައި ޒޯޔާމެން އެރިކާރުގެ ފަހަތުން ދުއްވަމުން ދިޔައެވެ.

ގެއަށް އެންމެން އެކީ ވަތްއިރު ޝާމިން ރަޔާން ގޮވައިގެން ސިޓިން ރޫމުގައި އިނެވެ. ޝާމިން އަށްވެސް އަވަހަށް އަހާލެވުނީ ޑޮކްޓަރު ބުނީ ކީކޭތޯ އެވެ. “މަށަކަށްވެސް އަދިނޭގެ މިވެގެން އުޅެނީ ކިހިނެއްކަމެއް، ދޮންބެދައްތާ ޕްލީސް ބުނެބަލަ……….” ނާދިއާ އާއި ޝާހިޤުގެ އެހީގައި ޒޯޔާ ގޮނޑީގައި ބައިންދަމުން ޝާހިޤު އަހާލިއެވެ. “ބަލަ ޒޯޔާ އަކީ ސިޙްހަތު ސަލާމަތުންހުރި އަންހެން ކުއްޖެކޭ، އޭނަ އަބަދަކު ޝާހިޤު ކައިވެނިކުރި ދުވަހު ހުރިހެނެއް ނުހުންނާނެއެންނު………..” މަލާކްގެ ވާހަކަތަކުން ޝާހިޤަށް އެއްވެސް އެއްޗެއް ނޭގުނެވެ. “ދަރިފުޅާ، ދަރިފުޅު ބައްޕައަކަށް ވަނީ………………….ޒޯޔާ އެއިނީ ދަރިފުޅުގެ ދަރިއަކަށް ބަލިވެ” ނާދިއާ ޒޯޔާގެ ކައިރީ ހުރެ ބުނެލިއެވެ. ގޭތެރޭ އެންމެންގެ ވާހަކަތަކުން ޒޯޔާ ކުޑަކޮށް ލަތުގަންނަށް ގޮތްވިއެވެ. ޝާހިޤަށް މަންމަ ބުނިއެއްޗެއް އަދި އެއްފަހަރު އަހާލެވުނެވެ. އޭނަ އުފަލުން ގޮސް ޒޯޔާ އުރާލިއެވެ. ޒޯޔާގެ މޫނުގައި ބޮސްދިނެވެ. ގޭތެރޭގައި ތިބި އެހެންމީހުންމަތިން ޝާހިޤު ހަދާން ނެތުނުކަހަލައެވެ. “ދަރިފުޅާ……….ޝާހިޤު……….” ނާދިއާ ޝާހިޤަށް ގޮވާލިއެވެ. “ދަރިފުޅުވާނެ ދެން ޒޯޔާއަށް ވަރަށް އެހީތެރިވެދެން، ދެން މަންމަ އެހާ ބޭނުމެއްނޫން ދަރިފުޅު މިހާރު އުޅޭހެން، ދުވާލުދާ ހަތަރުދަމު އޮފީހުގައުޅޭކަށް……..ޒޯޔާ އާއިއެކީ ތަންކޮޅެއް ގިނަވަގުތު ހޭދަކުރައްޗޭ………” ނާދިއާ ޝާހިޤު ކައިރީގަ ބައިންދާގެން އިނދެ އޯގާތެރިކަމާއެކީ ނަސޭހަތްދެމުން ދިޔައެވެ.

ހުރިހާ ކުދިން ޝާހިޤަށް މަރުހަބާ ކިޔެވެ. “ދެންކިރިއާ ކަމެއްވިޔަސް ޒޯވާނެ ދޮންބެދައްތަ ކައިރީ ބުނަން އިނގޭ……” މަލާކް ޒޯޔާކައިރި ކޮއްލަމުން ބުނެލިއެވެ. ޝާހިޤު ޒޯޔާ ގޮވައިގެން ކޮޓަރިއަށް ވަނެވެ. އެހެން އެންމެންތިބީ ސިޓިންގރޫމުގައި އަދިވެސް ވާހަކައިގައެވެ.

ޝާހިޤު ޒޯޔާ އެނދުގައި ބެއިންދިއެވެ. “ޒޯ އަހަރެން މިއަދު ވަރަށް އުފާވެއްޖެ، އިނގޭ ތިކަހަލަ މާތް އަންހެންކުއްޖެއް ލިބޭނީ ނަސީބުވެރިއަކަށްކަން، މަންމަ ބުނިހެން އަހަރެން އޮފީހުން އަވަހަށް ގެއަށް އަންނާނަން އިނގޭ، ޒޯ ބުނެބަލަ………….މިއަދު ކޯއްޗެއް ޒޯ އެންމެ ބޭނުމީ، އަހަންނަށް ގެނެވޭ ވަރުގެ އެއްޗެއް ވެއްޖެޔާ އެހުރިތަނަކުން ގެނެސް ދޭނަން……” އެކުޑަކުޑަ މޫނުގައި ހިފާ ބަލާލަމުން ޝާހިޤު ބުނަމުން ގެންދިއެވެ. “އަހަރެން ބޭނުމީ ޝާހިޤު، އެހެންއެވެސް އެއްޗެއް ބޭނުމެއް ނޫން، އަހަންނަށް ވައުދުވޭ ދުވަހަކުވެސް ޝާހިޤު އަހަރެން ތިހިތުން ބޭރުނުކޮއްލާނެކަމަށް ، އަބަދުގެ އަބަދަށް ތިހަޔާތުގައި އެންމެފަހުދުވަހަށް ދާންދެން ގެންގުޅޭނެކަމަށް…….އަހަރެން ލޯބިވާވަރު ޝާހިޤަށް ހަމަރަގަޅަށް އިނގޭނެ، އަހަރެންގެ ހިތް ދުވަހަކުވެސް ރޮއްވާނުލައްޗޭ………” ޒޯޔާ ޝާހިޤުގެ އަތްތިލާގައި ބާރަށް ހިފަހައްޓާލައިގެން އިނދެ ބުނަމުންދިޔައެވެ. ޝާހިޤު އެތަކެއް ކަމަކަށް ޒޯޔާއަށް އެދުވަހުގެ އެވަގުތު ވަޢުދުވިއެވެ. ދުވަހަކުވެސް ޒޯޔާ އޭނަގެ ހަޔާތުން ބީވެގެންދާފަދަ ދުވެއް ނުދެއްކެވުމަށް ޢާލަމްތަކުގެ ވެރިފަރާތަށް ދުޢާކުރަމުންނެވެ. “ކިހާ ދުވަހެއްވެއްޖެ މިހާރު” ޝާހިޤު ޒޯޔާގެ ބަނޑުގައި އަތްލަމުން އަހާލިއެވެ. “ދެހަފްތާ އަދި މިވީ…..” ޒޯޔާ ބުނެލިއެވެ. ކޮޓަރީގައި ޓަކިޖަހާލުމުން ޝާހިޤު ދޮރުހުޅުވިއެވެ. “ދަރިފުޅު އާދޭ ޒޯޔާ ގޮވައިގެން ސައިބޯން” ދޮރުމަތީހުރި ނާދިއާ ބުނެލިއެވެ.

ހެދުނުގެ ހާދިސާގެ ސަބަބުން ހުރިހާ ކުދިންވެސް ދިޔައީ ސައިނުބޮއިކަމުން ކާމޭޒުދޮށުގައި އަލިމަނިކުނޫނީ ހުރިހާ އެންމެން ތިއްބެވެ. ޝާހިޤުގެ ފަހަތުން ޒޯޔާ އައިސް ކާމޭޒުދޮށުގައި އިށީނެވެ. “އެކަކުވެސް ބިސްގަނޑެއް އަޅައިގެންނުވާނެ……” ޝާހިޤު އަމުރުވެރި ގޮތަކަށް ބުނެލިއެވެ. އެންމެން ހޭންފެށިއެވެ. “ބޮޑުމީހާ ދުރުވީދޯ، ތިބުނީ ދެން މަގޭ ވާހަކަދޯ، އޯކޭ މަސައްލައެއްނެތް ޒޯކޮއްކޮއަށްޓަކާ ބިސްގަނޑުވެސް ކެންސެލް، ކޮބާ ދެންވެސް ކާން ފައްޓަންވީނު……….” ޝާމިން ބުންޏެވެ. ހެދުނުގެ ހާދިސާއަށްފަހު މިޝްކާ އިންނަނީ ވަރަށް މަޑުމަޑުންނެވެ. މަލާކްގެ އުނގުގައި ރަޔާން އިނެވެ. އެންމެން ކާން ތިބިއިރު އެކިވާހަކަތައް ދައްކަމުން ދިޔައެވެ. ޝާހިޤު އެންމެން ގޮވައިގެން ފޮޓޯ ޝޫޓަކަށް ދާން ރާވަމުން ދިޔައެވެ.

ހުރިހާ ފިރިހެނުން އޮފީހަށް ދިއުމަށް ނިކުތެވެ. ޝާހިޤު ނެރުނީ ގަދަކަމުންނެވެ. އޭނަ ބޭނުންވީ ޒޯޔާގެ ކައިރީ ހުރުމަށެވެ. އަވަހަށް އަންނާނަން ކަމަށް ބުނަމުން ޝާހިޤު ނުކުމެގެން ދިޔައެވެ. ޒޯޔާ އެހެން މީހުންނާއެކު ބަދިގެއަށް ވަނެވެ. ނާދިއާ އާއި މަލާކް ވަރަށް ވާހަކަދެއްކިއެވެ. އަންހެނަކު ބަލިވެއިނުމުން ހަށިގަނޑަށް އަންނާނެ ބަދަލްތަކުގެ ވާހަކައެވެ. އަރާމުކޮށް ރަގަޅު އެއްޗެހި ކައިހަދަން ވާނެކަމުގެ ވާހަކައެވެ. ނާދިއާ ބޭނުންވީ ޒޯޔާ ގިނަވަގުތު އަރާމުކުރުމަށެވެ. ގޭތެރޭގެ މަސައްކަތް ޒޯޔާ ވިހަންވަންދެން ނުކުރުމަށް ނާދިއާ ބުންޏެވެ.

ޒޯޔާ މިޝްކާގެ އަތުގަ ހިފައިގެން އޭނަގެ ކޮޓަރިއަށް ވަނެވެ. އަދި ޒޯޔާ ކައިރީ މަޑުކޮއްލަ ދިނުމަށް ބުންޏެވެ. މިޝްކާ ޓީވީ ހުޅުވައިގެން ހިންދީ ޑްރާމާއެއް ބަލަން އިނެވެ. ޒޯޔާ އޭނާގެ ލޯމަރާލައިގެން އޮތެވެ. ޒޯޔާގެ ސިކުނޑީގައި ވަރަށް ގިނަ ހިޔާލުތަށް އެނބުރެންފެށިއެވެ.

ޒޯޔާ މިހާރު ހީވަނީ އެގޭގައި އިން ރާނީ އެއްހެންނެވެ. ކުޑަކުޑަކަމެއް ވިޔަސް އެންމެން އެކަމާކަންބޮޑުވެއެވެ. އުފަލާ ހިތަހަމަ ޖެހުން ނޫންއެއްޗެއް އޭނައަށް ނުލިބެއެވެ. ނާދިއާގެ މައިވަންތަކަމުގެ ލޯބި ފެނިފައި ޒޯޔާ އޭނަގެ މަންމަ ދުނިޔޭގައި ހުރިނަމަ އުޅޭނީ މިގޮތަށްބާއޭ ހިތަށް އަރަމުން ދިޔައެވެ. ޒޯޔާގެ މަންމަ ނިޔާވީ އޭނަގެ އުމުރުން ހަތަރުއަހަރުގައެވެ. އެންމެ މަންމައަށް ބޭނުންވިދުވަހު އެލޯބިންވަނީ މަޚްރޫމުވެފައެވެ. އޭރު ޒޯޔާގެ މަންމަ ހުރީ ވަރިކޮށްފައިކަމަށްވާތީ ދުވަހަކުވެސް ބައްޕަ ހުންނަގޮތެއް ލޮލަކުން ނުދެކެވެ. އަމިއްލަ ގޭގައި އުޅެމުން އައީ އެއްބަފާ ދައްތަ ޖެނީ އާއެކުގައެވެ. ޖެނީ އަކީ ޒޯޔާގެ ބައްޕަގެ ކުއްޖެކެވެ. ޖެނީގެ ބައްޕަ ޒޯޔާގެ މަންމަ ވަރިކޮއްފާދަމުން ދިޔައީ ޖެނީ ބަހައްޓާފައެވެ. ޒޯޔާގެ މަންމަ އަށާ ބައްޕައަށް ކިޔާނަންވެސް އިގުނީ ޖެނީގެ ފަރާތުންނެވެ. ޖެނީ ބުނިގޮތުގައި ޒޯޔާގެ ބައްޕައަށް ކިޔަނީ ޒިޔާންއެވެ. އަދި މަންމަ އަށް ކިޔަނީ ލިޒާއެވެ. ޖެނީވެސް މަންމަ ކިޔަނީ ލިޒާއަށެވެ. އެއީ ލީޒާގެ އޯގާތެރިކަމާ ލޯތްބާނޫން އެހެން އެއްޗެއް ޖެނީއަށް ލިޒާގެ ފަރާތުން ލިބިފައިނުވާތީއެވެ. ލީޒާ ޖެނީ ބެލީ އޭނަގެ އަމިއްލަ ދަރިއެއްފަދައިންނެވެ. ޖެނީގެ ކައިރިން ޒޯޔާއަށް އެނގުނު ގޮތުގައި ލީޒާއަކީ ރީތި އަންހެނުންތެރޭ ހިމަނާލެވޭނެ އަންހެނެކެވެ. ޒޯޔާހުންނަނީ އޭނަގެ މަންމަ ހުންނަ ގޮތަށްކަމަށް ޖެނީ އަބަދުވެސް ބުނެއެވެ. ލީޒާ ދެކެވީލޯބީގެ ސަބަބުން ޖެނީ އަށް ޒޯޔާ ކޮންމެއެއްޗެއް ކިޔަސް ރުޅިއެއް ނާދެވެއެވެ. އެއީ ޒޯޔާ ފެންނަކޮންމެ ފަހަރަކު ޖެނީ އަށް އެމޫނުން ލީޒާގެ ސޫރަ ފެންނަކަހަލައެވެ. ލީޒާ އަށް ޖެނީވަނީ ވައުދުވެފައެވެ.  އޭނަ ނެތްދުވަހަކުން އޭނަ ޖެނީއަށްދިން ލޯބި ޒޯޔާއަށް ދިނުމަށެވެ. އެފަދަދުވަހަކުން ޒޯޔާގެ މަންމައަކަށް ޖެނީވެދިނުމަށެވެ. އޭރު ޖެނީގެ އުމުރުން އެގާރަ އަހަރެވެ. އެދެކުދިން އުޅެބޮޑުވީ ޒޯޔާގެ ބޮޑުދައިތައެއްގެ އެހީއާއެކުއެވެ. ޒޯޔާއަށް ހުރިހާވާހަކައެއް ޖެނީ ކިޔާދިނީ އޭނަގެ އުމުރުން ސާދަ އަހަރުގައެވެ. އޭގެ ކުރިން ޒޯޔާ ހީކުރަނީ ޖެނީއަކީ އޭނަގެ އެއްބަނޑު އެއްބަފާ ދޮށީ ދައްތަކަމުގައެވެ. ޖެނީ އޭނަގެ ބައްޕައަށް ދުވަހަކުވެސް މާފެއް ނުކުރާނެކަމަށް ބުނެއެވެ. ޒޯޔާވެސް އެންމެކުޑަމިނުން އޭނަގެ ބައްޕަ ޒިޔާން ދެކޭކަށް ބޭނުމެއްނޫނެވެ. ޒިޔާން ވީތަނެއްވެސް އެދެކުންނަކަށް ނޭގެއެވެ. ބޮޑުދައިތަގެ ފަރާތުން ޒޯޔާމެންގެ ބައްޕަ ޒިޔާން އުޅެނީ އެހެން މީހަކާ އިނދެގެން ރާއްޖޭން ބޭރުގައިކަން އެނގުނެވެ.

ޒޯޔާއަށް ޝާހިޤާ ދިމާވިދުވަހަކީ އެންމެ އުފާވިދުވަހެވެ. އޭރު ޒޯޔާ ތަޢުލީމު ހާސިލްކުރަމުން ދިޔައީ އަމީނިއްޔާ ސްކޫލް ގްރޭޑް ދިހައެއްގައެވެ. ޝާހިޤު ފެނުނީ ސީ.އެޗް.އެސް.އީ ޔުނީފޯރމްގައި ސްކޫލްތެރެއިން ނުކުތްތަނެވެ. ޝާހިޤުއާއި ޒޯޔާގެ ލޯބީގެ ފަލްސަފާ ފެށުނީ އޭރުންފެށިގެންނެވެ. އެކަމަކު ޝާހިޤަކީ އެއްފަހަރާ ތިންހަތަރު މަލުން ފޮނިބޮމުން ގެންދާ މާބުރެއްކަން އެނގުނު ދުވަހު ޒޯޔާގެ ހިތްކުދިކުދިވިއެވެ. އެޝަކުވާ ކުރިދުވަހަކީ އެގުޅުމަށް ނިމުންއައި ދުވަހެވެ. ޒޯޔާ އޭނާގެ ހަޔާތަށް އިތުރުއެއްވެސް މީހެއް ނުގެނެއެވެ. ގެންނަން އޭނަ ދުވަހަކުވެސް ބޭނުމެއްވެސް ނޫނެވެ.

އޭގެ އެއްއަހަރު ފަހުން އަނެއްކާވެސް އެހިތުގެ ޒަހަމްތަކަށް ޝިފާހޯދަދިނީ ޝާހިޤުއެވެ. އެހިތުގައި ކުދިކުދިވެފައިވާ އެތިކޮޅުތައް އަލުން ރާވާ ނިމުނުއިރު އެހިތުގައި ކޫރުމެއްވެސް ނުވާކަހަލައެވެ. އޭރު ޒޯޔާގެ ސްކޫލްނިމި ޝާހިޤުވެސް އުޅެނީ އޮފީހެއްގައެވެ. ޒޯޔާ އަލުން ފެނުމުން ޝާހިޤުގެ ހިތައް ވަރަށް އަސަރުކުރުވިއެވެ. އަދި އަލުން ގުޅުމަށް ޝާހިޤު އެދެމުންދިޔަވަރުން އެކަމަށް އެއްބަސް ވިއެވެ. ޒޯޔާއަށްވެސް އޭނަ ނޫން އެހެން މީހެއްދެކެ ލޯބި ނުވެވޭނެކަން އިނގޭތީއެވެ. އަދި އެލޯތްބަށް ހިތްކިޔާވަރުންނެވެ.

ޒޯޔާގެ އުމުރުން އަށާރައަހަރުވީދުވަހު ޝާހިޤުގެ ކައިރިން ކައިވަންޏަށް ޒޯޔާއެދުނެވެ. އެއީ ދެން ޝާހިޤާ ނުލާ ޒޯޔާއަށް ނޫޅެވޭނެތީއެވެ. ޝާހިޤުވެސް ޒޯޔާދެކެ އެވަރަށް ލޯބިވެއެވެ. ޒޯޔާ ބޭނުންވާކޮންމެކަމެއް ކުރުމަށް އޭރު ޝާހިޤުހުރީ ތައްޔާރަށެވެ. ޒޯޔާ ޖެނީގެ ހުއްދައަށް އެދުނުދުވަހަކީ ޖެނީ ފުރަތަމަ ޒޯޔާދެކެ ރުޅިއައިދުވަހެވެ. އެއީ ޒޯޔާގެ އުމުރުގެ ހަގުކަމާ އަދި ޒޯޔާ ކައިވެންޏެއް ކުރުމަށް އެކަށީގެން ނުވާތީއެވެ. އެކަމަކު ޒޯޔާގެ ރުއިމާ އާދޭސް އަޑުއަހަން ޖެނީއަކަށް ކެތެއްނުވާނެއެވެ. އެހެންވެ ކައިވެންޏަށް އެއްބަސްވިއެވެ. ޖެނީވެސް އޭނަ ރައްޓެހިވެގެން އުޅުނު އާމިރުއާ ކައިވެނިކުރިއެވެ. އާމިރުއަކީ ރާއްޖޭން ބޭރުގައި އުޅޭމީހަކަށްވާތީ ޖެނީވެސް ބަދަލުވީ އާމިރުއާއެކި ރާއްޖޭން ބޭރަށެވެ. އެކަމަކު އެއީ ޒޯޔާގެ ކައިވެނި ޕާރޓީއަށް ފަހުގައެވެ.

ޒޯޔާ ލޯމަރާލައިގެން އޮތްއިރު އޭނަގެ ލޮލުގެ ދެފަރާތުން ކަރުނުއައެވެ. އަވަހަށް ކައިރީގަ އިން މިޝްކާއަށް ނޭގޭގޮތަށް ލޯފޮހެލިއެވެ. އަދި އެހަނދާންތަކާ ދުރަށް ޖެހިލިއެވެ. “މިޝްތަ ކީއްވެތަ މިއަދުމާ މަޑުން ތިއިންނަނީ؟” ޒޯޔާ ތެދުވަމުން އަހާލިއެވެ. “ކަމެއްނުވޭ…….” މިޝްކާ ހީލަމުން ބުނެލިއެވެ.

ނާދިއާ ގަޑިން ގަޑިއަށް ޒޯޔާއަށް ކާންދެވޭތޯ ބަލައެވެ. އެކަމަކު ޒޯޔާއަށް ކެވެނީ ވަރަށް މަދުންނެވެ. ނަސީބަކުން ދިޔާއެއްޗެހި ބުއިމުގައި އެއްވެސް ތަފާތެއް ނާދެއެވެ. ޒޯޔާއަށް ނުކެވެނީ އެއްޗެއްކާލާއިރަށް ހޮޑުލެވޭތީއެވެ.

ޝާހިޤު އޮފީހުން އައިއިރު ޒޯޔާ އިނީ މަލާކްމެން ކޮޓަރީގައެވެ. މަލާކް އޭނަގެ ފޮޓޯ އަލްބަމް ޒޯޔާއަށް ދައްކަމުން ދިޔައެވެ. ޝާހިޤު އެހެން ދުވަސް ދުވަހަށްވުރެ އަވަހަށް އޭނަ ބުނިފަދައިން އައެވެ. ޒޯޔާ ވަރަށް އުފާވިއެވެ. އަވަހަށް މަލާކްކައިރީ ފަހުން އަލްބަމް ބަލަން އަންނާނަމޭ ބުނަމުން ޝާހިޤުކައިރިއަށް ޖެހިލިއެވެ. ޝާހިޤު ޒޯޔާގެ އުނަގަނޑުގައި ހިފަހައްޓާލައިގެން ކޮޓަރިއަށްވަނެވެ. “އަހަރެން މިއައީ ޒޯޔަށް ހަދިޔާއެއް ހިފައިގެން……ލޯ ނުހުޅުވައްޗޭ…..” ޒޯޔާ ގެ ލޮލުގައި އަތްއަޅާލުމަށްފަހު ބުންޏެވެ. ޝާހިޤު އެއްކަކޫ ތަޅުންގަނޑުމަތީ ޖައްސާލަމުން ޖީބުގައިވާ އެތި ނަގާ ޒޯޔާއަށް ދިއްކޮލިއެވެ. އަދި ލޯހުޅުވުމަށް ބުންޏެވެ. އެމަންޒަރު ހީވަނީ އިނގިރޭސި ފިލްމެއްގެ މަންޒަރެއް ހެންނެވެ. ޝާހިޤުއިނީ، އަންހެން ކުއްޖަކަށް ފިރިހެނަކު ޕްރޮޕޯސް ކުރާފަދައިންނެވެ. ޒޯޔާ ލޯހުޅުވާލުމާއެކީ އުފަލުން ގޮސް އޭނަގެ އަނގަހުޅުވުނެވެ. ކުރިމަތީ ޝާހިޤު އިންގޮތް ފެނުމުން ހިނިވެސް އައެވެ. ޝާހިޤު ކުޑަފޮށްޓެއްގައި އިން އަނގޮޓި ނަގާ ޒޯޔާގެ ކަނާތު އިނގިލީގައި އަޅުވާލިއެވެ. ރީތި މަޑުނޫކުލައިގެ އެހެއް ޖަހައިފައިވާ އަނގޮޓިއެކެވެ. “ވަރަށް ވަރަށް ރީތި…….ތެންކިއޫ……..” ޒޯޔާ ޝާހިޤުގެ ނިތްކުރީގައި ބޮސްދެމުން ބުނެލިއެވެ.

“ހިނގާ ސައިބޯން…….ތިހިރީ ވަރަށް ބަނޑުހައިވެފައެންނު….” ޒޯޔާ ޝާހިޤުގެ ގަމިސް ކޮނޑުގައި އަޅުވަމުން ބުނެލިއެވެ. “އަހަރެންގެ ބަނޑު ފުރިއްޖެ ޒޯ ފެނިފަ…….” ޝާހިޤު ހެމުން ހެމުން ބުނެލިއެވެ. ޝާހިޤު ޒޯޔާގެ އަތުގާ ހިފާ ކައިރިކޮއްލިއެވެ. އަދި އެއަންހެންވަންތަ ކަމުން ފުރިގެންވާ ހަށިގަނޑުގައި އަތްބީއްސާލިއެވެ. “ޒޯ އަހަންނަށް ދެން ޒޯއާ ކައިރިވެސް ނުވެވޭނެދޯ………….” ޝާހިޤު ޒޯޔާގެ އުނަގަނޑުގައި ހިފާ ވަކިން ބޮޑަށް ކައިރިކޮށްލަމުން ބުނެލިއެވެ. ޒޯޔާއަށް ބުނާނެ އެއްޗެއް ނޭގުނެވެ.

 

ރޭގަނޑުގެ ކެއުމަށް އެންމެން ކާމޭޒުދޮށުގައި ތިއްބެވެ. ނާދިއާ ޒޯޔާގެ ސިއްހަތަށް ފައިދާކުރާނެ ފަދަ ކާނާ ދެވޭތޯ މަސައްކަތްކުރިއެވެ. އެކަމަކު ޒޯޔާގެ ހަށިގަނޑަށް އަންނަ ބަދަލުތަކުގެ ސަބަބުން ކާއެއްޗިއްސާ ވަރަށް ދުރެވެ. ކާގަޑިއެއްގަވެސް ކެވެނީ ވަރަށް ކުޑަކޮށެވެ. ކާހާ އެއްޗެއް ހަށިގަނޑުން ހޮޑަށްވެގެން ބޭރުވެއެވެ. އަލިމަނިކު އޭނަގެ ވިޔަފާރީގެ ވާހަކަ ކުދިންނާ މަޝްވަރާ ކުރަމުން ދިޔައެވެ. މަލާކް އޭނާގެ އުނގުގައި އިން ރަޔާން އަށް ކާންދެމުން ދިޔައެވެ.

ކެއުން ނިންމާލުމާއިއެކު ހުރިހާ ފިރިހެނުން ދުއްވައިގަތީ ސިޓިން ރޫމަށެވެ. ޓީވީ އިން ދައްކާ ފުޓުބޯޅަ މެޗެއް ބަލާށެވެ. އެތާގަ ނެތީ ޝާރިޤު އެވެ. އޭނަ ވަނީ އޭނަގެ ކޮޓަރިއަށެވެ. އަލިމަނިކުވެސް ކުދިންނާއެކު ފުޓުބޯޅަ ބަލަން ސޯފާގައި އިނެވެ. އުމުރުން ދުވަސްވަމުން ދިޔަކަމުގައި ވިޔަސް އަލިމަނިކު ފުޓުބޯޅައަށްދޭ ޝައުގުވެރިކަމަށް ކުޑަނަމަވެސް ބަދަލެއް ނާދެއެވެ.

ނާދިއާ ބަދިގޭގައި ތަށިތައްނަގާ މޭޒު ސާފުކުރުމުގައި އުޅެއެވެ. މަލާކް ރަޔާން ގޮވައިގެން ކޮޓަރިއަށްވަނީ ނިންދަވަންވެގެންނެވެ. މިޝްކާ ބަދިގޭގައި އިންނަ ޓީވީއިން ހިންދީ ޑްރާމާ ބަލަމުން ނާދިއާއަށް ވާގޮތް ކިޔާދެމުން ދެއެވެ. ޒޯޔާ އިނީ ޝާހިޤު އޭނައާ ކުރި ސުވާލަށް ދޭނެ ޖަވާބެއްގެ ފިކުރުގައެވެ. އޭނައަށް ބުނާނެއެއްޗެއް ނޭގެއެވެ. ބަލިވެއިނުމަކީ ޒޯޔާއަށް މުޅިން އާކަމެކެވެ. މުޅި އުމުރުގަ މިހާތަނަށް ދިމާވި އެއްމެ ބޮޑުކަންތަކެވެ. އަދި ޒޯޔާއަށް އެކަމުގެ މަޢުލޫމާތު ލިބިފައިނުވުމާއެކީ އެވާހަކަދައްކާނެ މީހެއްވެސް ގޭތެރޭގައިނެތެވެ. ހަގީގަތުގައި އެފަދަކަމަކާ މަޝްވަރާކުރަން ލަދުގަންނަނީއެވެ. ޒޯޔާއަށް ޝާހިޤު އޭނަ ބޭނުންވާވަރު އެނގެއެވެ. ޒޯޔާ ކުއްލިއަކަށް ގޮނޑިން ތެދުވިއެވެ. އެއަޑަށް ނާދިއާ ބަލާލިއެވެ. ކިހިނެއްވީތޯ އަހާލާފަދަ ގޮތަކަށެވެ. ޒޯޔާ ކޮޓަރިއަށް ދާކަމުގައި ބުނެ ހިނގައިގަތެވެ.

ޒޯޔާ އިށީނީ ކޮމްޕިއުޓަރ ދޮށުގައެވެ. އޭނައަށް އެންމެ ފަސޭހަކަމާއެކު އަދި އެންމެ އަވަހަށް ޖަވާބު ދޭނެއެއްޗަކީ އެއީއެވެ. އޭނަގެ އެސުވާލުތަކުގެ ޖަވާބު އޭގެން ހޯދަން ފެށިއެވެ. ހިތްހަމަ ޖެހޭ އެތައް ޖަވާބުތަކެއް ލިބިގެން ދިޔައެވެ. އަދި ޒޯޔާގެ މޫނަށް އަނެއްކާވެސް އުފާވެރިކަމާ ހިތްހަމަޖެހުން ލިބިއްޖެއެވެ. ޒޯޔާ ހަމަޖެހުމުގެ ނޭވާއެއް ބޭރުކޮއްލިއެވެ. އޭނައަށް ދިރިއުޅުމުގައި ދިމާވާ ދަތިއުނދަގޫ މައްސަލަތައް އާމުކޮށް ހައްލުކޮއްދެނީ އިންޓަރނެޓްއެވެ. އެއީ ހުރިހާ ވާހަކައެއް ދެއްކޭވަރުގެ ރަޙްމަތްތެރިއެއް ނުލިބޭތީއެވެ. މިޝްކާ އާއިވެސް ދިރިއުޅުމުގެ ސިއްރުވާހަކަތައް ދައްކާކަށް ނުކެރެއެވެ. ޒޯޔާ ހަމަޖެހިލައިގެން ޝާހިޤަށް ސަޕްރައިޒެއް ދިނުމަށް ތައްޔާރުވަމުން ދިޔައެވެ.

ކޮޓަރީގެ އޭސީ ޖައްސާލަމުން އަލަމާރީގައި ހުރި ފޮއްޓެއްނަގާ ޒޯޔާ ހުޅުވާލިއެވެ. އޭގައި އެކި ނަންނަމުގައި ހުރި ކުދި ފުޅިތަކެއް ވެއެވެ. ޒޯޔާ ކޮޓަރީގައި މީރުވަސް ދުއްވަންގެންގުޅޭ ބާރނާ ރެޑީކޮއްލިއެވެ. އަދި އޭގެ މަތީގައި އިންނަ ތައްޓަށް ނެގި ކުޑަފުޅީގައި ހުރި މެލަންވަސްދުވާ ތެޔޮއިން ދެތިންތިކި ޖެހިއެވެ. އަދި އެނދުމަތި ރީތިކޮއްލުމަށްފަހު ނިދަން ލާނެ ނައިޓީއެއް އަލަމާރިން ހޯދާލިއެވެ. ކަޅުކުލަ އާއި ރަތްކުލައިގެ ލޭސް ފޮތިން އިން އެންމެ ކުރު ނައިޓީ ޒޯޔާގެ ލޮލުގައި އަޅައިގަތެވެ. އެފެނުމުން ޒޯޔާގެ މާމުއިހަނދުވަރުގެ ރޭތައްމަތިން ހަނދާންވެ ހިނިއަންނަގޮތްވިއެވެ. ޝާހިޤަށްވެސް އެންމެ ކަމުދާ ނައިޓީއަކީ އެއީކަމަށް ވާތީ ޒޯޔާ ނައިޓީ ނަގާ އެނދުމަތީ ބާއްވާލިއެވެ.

ޒޯޔާ ކޮޓަރި ދޮރު ލައްޕާލުމުގެ ކުރިން ކޮޓަރިއަށް ބަލާލިއެވެ. ހުރިހާ އެއްޗެއް ހުރީ ޒޯޔާ ބޭނުންވާ ގޮތަށްތޯއެވެ. ޒޯޔާގެ ތުންފަތަށް ހިތްހަމަޖެހުމުގެ ހިނިތުންވުމެއް ވެރިވިއެވެ. އަދި ޝާހިޤުކައިރިއަށް ދިއުމަށް ހިނގައިގަތެވެ. ސިޓިން ރޫމުގައި މެޗު ދާގޮތާދޭތެރޭ ފާޑުކިއުމުގައި އެންމެން ތިއްބެވެ. މަލާކްވެސް ރަޔާން ނިންދަވާފަ އައިސް ޝާމިން ކައިރީ ގޮނޑިއެއް ކައިރިކޮއްލައިގެން އިށީނދެ އިނެވެ. މިޝްކާ ޝާދިންގެ އުނގުތެރޭ އިނެވެ. އެއީ ވަރަށް މަދުން ނޫނީ ނުފެންނާނެ މަންޒަރެކެވެ. ޝާހިޤު ޒޯޔާ ފެނުމުން އޭނަގެ އަތުގައި ހިފާ ކައިރީގައި ބެއިންދިއެވެ. “މި މެޗު ބަލާލާފަ ދޯ ދާނީ……………ނިމޭނެ އެގާރަގަނޑި ކޮންމެސް އެއްޗެއްގަ…….” ޝާހިޤު މެޗުބަލަން ބޭނުންވެފަ އިންވަރު ޒޯޔާއަށް އެނގުނެވެ. ޒޯޔާ ޝާހިޤުގެ ގައިގާ ލެނގިލައިގެން ފުޓު ބޯޅަމެޗުބަލަން އިނެވެ. އެކަމަކު އެއީ ކިހިނެއްވާ ކުޅިވަރެއްކަމެއް ޒޯޔާއަކަށް ނޭގެއެވެ. ބަޔަކު ބޯޅައިގައި ފައިންތަޅަމުން ދާކަމާ އަދި ރެފްރީ އިރުކޮޅަކުން ކާޑެއް ދައްކާލާކަން ނޫން އެހެން އެއްޗެއް ނޭގެއެވެ. ޒޯޔާއަކީ ފެށުނީއްސުރެން ކުޅިވަރަށް އެހާ ލޯބިކުރާ ކުއްޖެއްނޫނެވެ. ނަމަވެސް ޝާހިޤުގެ އުފަލަށްޓަކާ އޭނައަށް ނުކުރެވޭނެ ކަމެއް ނޯންނާނެއެވެ.

ފުޓުބޯޅަ މެޗު ނިމެންއުޅޭކަން ޝާދިންގެ ފަރާތުން ޒޯޔާއަށް އަޑުއިވުނެވެ. އެހެންވެ އަވަހަށް ތެދުވިއެވެ. “ޒޯ، ކޮންތާކަށް؟” ޝާހިޤު ސުވާލިކޮއްލިއެވެ. “މިދަނީ ކޮޓަރިއަށް މެޗުވެސް ނިމެނީނު، އާދޭ އިނގޭ ނިންމާލާފަ…..ޒޯ މިއޮތީ ކޮޓަރީގަ، ވަރަށް ޓަޔާރޑް…” ޒޯޔާ ވަރުބަލިވާކަމަށް ހެދިލިއެވެ. އަދި ކޮޓަރިއަށް ވަނެވެ.

މެޗުނިމި އެންމެން ކޮޓަރިތަކަށް ދިޔައެވެ. ޝާހިޤުވެސް އޭނަގެ ކޮޓަރިއަށް ވަންނަން ދޮރުހުޅުވާލިއެވެ. އޭނައަށް ލިބުނީ ޝޮކެކެވެ. ކޮޓަރިތެރޭގައިވަނީ ފަނޑުއަލިކަމެކެވެ. މުޅިކޮޓަރީގައި ހުރީ މަސްތުކުރުވަނިވި ވަހެކެވެ. ޝާހިޤު އަވަސް އަވަހަށް ދޮރުލައްޕާލަމުން ކޮޓަރިތެރެއަށް ދެމިގަތެވެ. އޭނައަށް އެނދުމަތީއޮތް ޒޯޔާ ފެނުނީދެނެވެ. ޒޯޔާ އޮތްގޮތުންނާ އޭނާ ލައިފާ ހުރިއެއްޗެހިން ޝާހިޤުގެ ހުރިހާ ހިއްސުތައް ހޭލައްވާލިކަހަލެވެ. ސިންގާ އެއް ޝިކާރަކުރުމަށް ތައްޔާރުވާފަދައިން ޒޯޔާއަށް ހަމަލާދިނުމަށް ޝާހިޤު ތައްޔާރުވަމުން ދިޔައެވެ. ޒޯޔާ ހިނިތުންވެލައިގެން ޝާހިޤަށް ބަލަން އޮތެވެ. ޝާހިޤު އޭނަލައިގެން ހުރި އަންނައުނުތައް ކޮޓަރިތެރެއަށް އުކަމުން ގޮސް ޒޯޔާއަށް ހަމަލާދިނެވެ. ޝާހިޤު ޒޯޔާގެ ރީތި ދޮން މޫނުން ފެށިގެންގޮސް ފައިގެއިނގިލިތަކަށް ދާންދެން ބޮސްދިނެވެ. ޒޯޔާ ބޭނުންވީ އެލޯބީގައި ގެބިގެން ދިއުމަށެވެ. ނަމަވެސް ޒޯޔާ ޝާހިޤަށް އެންމެ ބޭނުންވި ވަގުތުކޮޅުގައި ޝާހިޤުގެ ފޯނަށް މެސެޖުއައުމުން ރިންގުވާ ފަދައިން ރިންގުވިއެވެ. އެކަމާ ޝާހިޤު ފަރުވާލެއް ނުބެހެއްޓިއެވެ. ޒޯޔާއަށް ދުނިޔޭގައިވާ ހުރިހާ އުފަލެއް އިހްސާސް ކުރެވެމުން ދިޔަކަހަލައެވެ. އެކަމަކު ޝާހިޤުގެ ފޯނަށް އަންނަށް މެސެޖުތަކުގެ އަޑު ދިޔައީ އަވަސްވަމުންނެވެ. އެކަމުގެ ސަބަބުން ޒޯޔާއަށް އުނދަގޫވެއްޖެއެވެ. އަދި ޝާހިޤާ ދުރަށް ޖެހިލަން މަސައްކަތް ކުރިއެވެ. މިކަމާ ޝާހިޤުވަރަށް ހިތްހަމަ ނުޖެހުނެވެ. އަދި ތެދުވެގެން ގޮސް ފޯނުބަލާލިއެވެ. މެސެޖު އައިއްސަ ހުރީ ލަންކާ ނަންބަރަކުންނެވެ. ޝާހިޤު ބަލާކަށްވެސް އެވަގުތު ބޭނުމެއްނުވިއެވެ. ވަގުތުން ފޯނު ނިންވާލިއެވެ. “ސޮރީ…ސޮރީ…….ލޯބީ….” ޝާހިޤު ޒޯޔާގެ ކައިރިން މާފަށް އެދެމުން އައިސް އެނދަށްއެރިއެވެ. “ލޯބި ކާކުތަ އެއީ……..އަނެއްކާ އޮފީހުންތައް” ޒޯޔާ ޝާހިޤުކައިރީ އަހާލިއެވެ. “ނޫން އެއީ ބޭކާރު މެސެޖް، އެހާ މުހިއްމެއްނޫން، އޯކޭވާނެ، މިއައީ ފޯނުނިންވާލާފަ، ދެން ހަމަގައިމުވެސް އުނދަގުލެއް ނުކުރެވޭނެއެންނުދޯ” ޝާހިޤު ޒޯޔާ އަތުތެރެއަށް ލާ ބާރުކޮއްލިއެވެ.

މިޝްކާ ޝާދިންގެ އަތުތެރެއިން ދެމިގަތެވެ. “ކިހިނެއްވީ……..” ޝާދިން މިޝްކާއަށް ބަލާލަމުން އަހާލިއެވެ. “ޝާދިން ކުރިންރޭވެސް އަހަންނަށް ލަނޑުދިނީ………….އަހަރެން ބުނީމެންނު އަހަރެން ބޭނުމެއް ނޫނޭ ޒޯއަށް މިހާރު ވެފަ އޭނދިހެން ވާހަކަށް………” މިޝްކާ ކުޑަކޮށް ހިތްހަމަ ނުޖެހިގެން ތެދުވެ އިށީނެވެ. “ދެން އާދެބަލަ މިކޮޅަށް……….ކީއްވެތަ އަހަރެން ލައްވާ އާދޭސް ކުރުވަނީ………މިޝްކާ ހިތްހަމަ ނުޖެހެނީތަ އަހަންނާދޭތެރޭ……….” ޝާދިންވެސް މިޝްކާ އާއި ކައިރިވެލުމަށް ތެދުވެ އިށީނެވެ. “އެހެންނެ ނުބުނަމެންނު………….ދެން…. ޝާދިން މިރޭ އަހަރެން މޫޑީ ވާކަށް ބޭނުމެއް ނޫން……..ނިދިއްޏާ އެންމެ ރަގަޅުވާނީ” މިޝްކާ ބުނެލިއެވެ. “މިޝްކާ އަހަރެންވެސް ދަރިއަކު ބޭނުމޭ………..އެ އުފާ އަހަންނަށް ދޭނީ ދެން ކޮންއިރަކުންތަ؟ ދުވަހަކުވެސް މިޝްކާއަކަށް އެވަގުތެއް ނުޖެހޭނެކަން އަހަންނަށް އެނގޭ……..އެހެންވުމުގެ ސަބަބުން އަހަންނަށް އެގޮތަށް ކަންތައްކުރަން ޖެހެނީ. އެއްފަހަރުވެސް މިޝްކާ ހިތުންރުހުމުން އަހަރެން ކައިރިއަށް އައިންތަ……….” ޝާދިންގެ އަޑުގެ ރާގު ބަދަލުވަމުން ދިޔައެވެ. މިޝްކާވެސް ދުލެއް ނުކުރެއެވެ. ޝާދިން ބުނާ ކޮންމެ އެއްޗަކަށް އިތުރު ދޭތި ބުނެއެވެ. “އާ މަށެއް ނޫޅެން ކުއްޖެއް ހޯދާކަށް، މިބުނީނު އަދި އަމުދުން ދެން ޝާދިންއާއެކު……..” މިޝްކާގެ އަނގައިގާ ބަސް އޮއްވާ ޝާދިންގެ އަތްތިލަ މިޝްކާގެ ކޯތާފަތުގައި ހޫނުއެތިފަހަރެއްގެ ސިފައިގައި ބީހިގެން ދިޔައެވެ. “މިޝްކާ ހަނދާން ކުރާތި، ދެން ނުބުނައްޗޭ ތިހެން……މިޝްކާ އުޅެން ބޭނުން ނެތިއްޔާ ރީތިކޮށް ބުނޭ……..އަހަންނަށް ކެތްކުރެވޭނީ ވަކިދުވަހެއް ވަންދެންކަން މިޝްކާ ދަންނާތި…….” ޝާދިން ކޮޓަރިން ނިކުމެގެން ދިޔައެވެ. މިޝްކާ އަށް ވީތަދުން ރޮވުނެވެ. އަދި ރުޅިގަދަވެގެން ގޮސް ޝާދިން ކޮޓަރިއަށް ވަނަނުދޭން ކޮޓަރި ދޮރު ތަޅުލިއެވެ.

ޝާދިން ގޭގެ ބޭރުގައި ހުރި ޖޯލީގައި ޖައްސާލައިގެން އޮތެވެ. އޭނަގެ ސިކުނޑިއަށް އަރާމާ ހިތްހަމަޖެހުން ހޯދަމުން ދިޔައީ ހަށިގަނޑަށް ގެއްލުންދޭ އެއްޗެއް ކަމުގައިވާ ސިނގިރޭޓުންނެވެ. ދެލޯ މަރާލައިގެން ދުންތައް ފޮނުވާލަ ފޮނުވާލަ އެހެންއޮވެވުނީ ކިހާއިރަކުކަމެއް ނޭގެއެވެ. ސިނގިރޭޓަކަށްފަހު ސިނގިރޭޓެކެވެ. ޝާދިން ލޯހުޅުވާލީ އޭނަކައިރީ މީހަކު އިށީނުމުންނެވެ. ޝާދިން ސިހިފައި ބަލާލިއެވެ. އެވަގުތު އެކަކުވެސް ހޭލާ ނޫޅޭނެތީއެވެ. “ސޮރީ……….ޕްލީސް” މިޝްކާ ޝާދިންކައިރީ މާފަށްއެދުނެވެ. އެއީ އާދައެވެ. ކުއްކޮށްފައި މާފަށްއެދޭނެއެވެ. އެކަމަކު އެކުއްކިތަންމެ ފަހަރަކު ތަކުރާރުކޮއްފާނެއެވެ. ޝާދިންއަށްވެސް މާފުކުރެވޭނީ ވަކިވަރަކަށްކަން އޭނަގެ ސިކުނޑި ބުނަމުން ދެއެވެ. “ދެން އާދޭ ކޮޓަރިއަށް……..ޕްލީސް ޝާދިން އާދޭ ކޮޓަރިއަށް………އަހަންނަށްދެން މާފުކޮއްބަލަ” ޝާދިން އެއްވެސް ބަހެއް ނުބުނެ މިޝްކާ އާއިއެކީ ކޮޓަރިއަށް ދިއުމަށް ހިނގައިގަތެވެ.

އަރާމު ނިންޖަކުން ނިދިފައިއޮތް ޒޯޔާއަށް ހޭލެވުނީ ތަންމަތިމާ ހުސްހެން ހީވެގެންނެވެ. ލޯހުޅުވާ ބަލާލިއިރު ޝާހިޤެއްނެތެވެ. އޭނަ ހުރީ ޑްރެސިން ޓޭބަލްގެ ކުރިމަތީ އިސްތަށިގަނޑު ރީތި ސްޓައިލަކަށް ހެދުމަށެވެ. “ޝިޓް……..ވަރަށް ލަސްވެއްޖެދޯ…….ކީއްވެތަ ޝާހިޤު ނުގޮވީ” ޒޯޔާ އަވަސް އަވަހަށް ތެދުވަމުން ބުނެލިއެވެ. “ޒޯ އޮތީ ވަރަށް ލޯބި ލޯބިކޮށް ނިދާފަ އެހެންވެ ގޮވަން ނުކެރުނީ…….” ޝާހިގު ބުނެލިއެވެ. ޒޯޔާ އަވަހަށް ފާހާނާއަށް ވަނެވެ.

ދުވަސްތައް ފާއިތުވަމުންދެއެވެ. އެގޮތުން މިއަދަކީ ޒޯޔާގެ ބަނޑަށް ހަތަރުމަސް ފުރުނު ދުވަހެވެ. ޒޯޔާގެ ހާލު އެހާ ރަގަޅެއް ނޫނެވެ. ލޭމަދުވެގެން ލޭވެސް އެއްފަހަރު އަޅައިފިއެވެ. ގޭތެރޭގައި އެންމެން އެކަމާ ކަންބޮޑުވެގެން އުޅެއެވެ. ފަހަކަށް އައިސް ޒޯޔާ އަރާމުކުރާ ވަގުތު ގިނައެވެ. ޝާހިޤު ހުންނަނީ ވަރަށް ކަންބޮޑުވެފައެވެ. ޒޯޔާ ބަރާބަރަށް ޑޮކްޓަރަށް ދައްކައެވެ. ދަރިފުޅަށް އެއްވެސް ކަމެއް ނުވާކަމުގައި ކޮންމެފަހަރަކުވެސް ޑޮކްޓަރު ބުނެއެވެ. އަދި ޒޯޔާ ރަގަޅު ކާއެއްޗެހިކެއުމަށް އިރުޝާދުދެއެވެ. މިހާރަކަށް އައިސް ޝާހިޤުއަށް ގޮތްނޭގޭ މެސެޖުތަކެއް އަންނަކަންވެސް ޒޯޔާއަށް ދަނީ ފާހަގަ ކުރެވެމުންނެވެ. އަދި އެމެސެޖު އަންނަކަން ފާހަގަ ކުރެވެނީ އޮފީހުން އަވަހަށް އަންނަ ދުވަސް ދުވަހުއެވެ. އެކަމަކީ އެހާ ބޮޑުކަމަކަށް ޒޯޔާ ނަހަދައެވެ. ޝާހިޤުގެ އޯގާތެރިކަން ޒޯޔާއަށް ލިބެމުންދާތީއެވެ. ޒޯޔާއަށް ގިނަރޭރޭ ޝާހިޤަށްވުރެ އަވަހަށް ނިދެއެވެ.

ނާދިއާ ހުންނަނީ ގޭތެރޭގެ ބައެއް ކަންތައްތަކުގައި ވަރަށް ކަންބޮޑުވެފައެވެ. އެއްކޮޅުން ޒޯޔާގެ ހާލާމެދުއެވެ. އަނެއްކޮޅުން ޝާދިން އާއި މިޝްކާގެ ހޫނު ދެބަސްވުންތަކެވެ. ނާދިއާ އާއި އަލިމަނިކު ދިޔައީ ހައްޖަ ފުރުމުގެ ހުވަފެންދެކެމުންނެވެ. އަދި އެކަމަށް ތައްޔާރުވަމުންނެވެ.

ކޮޓަރިތެރޭގައި އޮށޯވެލައިގެން އޮތް ޝާރިޤު ބަލަމުން ދިޔައީ އޭނަގެ އަތުގައިވާ މޯބައިލް ފޯނަށެވެ. އެފޯނު މިޒަމާނުގެ ފޯނަކަށް ބަދަލްވެފައިވިޔަސް އެހަނދާންތަކާ ދުރަށްދާނެ ގޮތެއް މިހާދުވަސް ވީއިރުވެސް ޝާރިޤަކަށް ނޭގުނެވެ. އޭނަގެ ހިތް މީގެ އެތަކެއް އަހަރުކުރިން އަތުލި އަންހެންކުއްޖާ ވަނީ އެހިތްހިފައިގެން ފިލާފައެވެ. ވީމާ އިތުރު މީހަކަށް އެހިތްދޭނީ ކިހިނެތްހެއްޔެވެ. ހުދު އޭނައަށް މިއަދާ ހަމައަށްވެސް އެއަހަންކުއްޖާ ހޯދިފައެއް ނުވެއެވެ. ހޯދާނީ ކިހިނެތް ހެއްޔެވެ. ޝާރިޤަށް ހަމައެކަނި އިވުނީ އެރީތިއަޑެވެ. ފުރަތަމަ ފަހަރަށް އަޑުއިވުމުންވެސް އެއަންހެން ކުއްޖާ ހާއްސަވެގެން ދިޔައެވެ. އެއަޑުން އެކުއްޖަކީ ވަރަށް ރީތިކުއްޖަކަށް ވާނެކަންވެސް ޝާރިޤުގެ ހިތްއަބަދު ބުނަމުން ދެއެވެ.

އެއީ ޝާރިޤުގެ ސްކޫލް ދައުރެވެ. އެގާރަބާރަ ކިޔެވި ދުވަސްވަރެވެ. އަންހެން ކުދިންނާ ފިރިހެންކުދިންނާ މަސްއުނިވެ އުޅުނުއިރުވެސް ޝާރިޤުގެ ހިތްކިޔާފަދަ އަންހެން ކުއްޖަކާ ދިމައެއްނުވެއެވެ. ޝާރިޤުގެ މިޒާޖު ހުންނަގޮތުން މާގިނައަންހެން ކުދިންތަކަކާއެކީ އޭރުވެސް ނޫޅެއެވެ. އެކަމަކު ޝާރިޤަކީ ކިޔެވުމަށް މޮޅުކުއްޖަކަށް ވާތީ ގްރޫޕް ސްޓަޑީޒް ހެދުމަށް އަންހެން ކުދިންވެސް ފިރިހެންކުދިންވެސް އޭނަކައިރިން އެދެމުންދާނެއެވެ.

އެދުވަހަކީވެސް ގްރޫޕް ސްޓަޑީޒް ހެދުމަށް ރައްޓެހިކުއްޖެއްގެ ގެއަށްދާން އުޅުނު ދުވަހެކެވެ. އޭރުގަ އަމިއްލަ ސައިކަލެއް ނުހުރެއެވެ. އެހެންވެ ބަލާއަންނަން އެއްބަސްވި ކުއްޖާ ލަސްވުމުން ޝާރިޤު ފޯނުނެގީ އޭނައަށް ގުޅުމަށެވެ. ތަޤްދީރުގައި އެދުވަހު އެއަންހެން ކުއްޖާއާ ދިމާވާން ހުރީމަކަންނޭގެއެވެ. ޝާރިޤަށް އޮޅުމަކުން އެއްނަންބަރު ޖެހުނީ ނުބައިކޮށެވެ. ޝާރިޤަށް ކުއްލިއަކަށް އިވުނީ އަންހެންކުއްޖެއްގެ އަޑެވެ. އެއަޑުގައި ޖޯޝާ ދިރުންއެކުލެވިގެންވެއެވެ. ހެލޯ އޭ ބުނެލިގޮތުންވެސް ހީވީ ކަންފަތުގައި ރީތި ރާގެއްޖެހުނުހެނެވެ. ޝާރިޤަށް އެއްޗެއް ބުނެވުނީ އެއަންހެން ކުއްޖާ ދެތިންފަހަރު ހެލޯ އޭ ބުނިފަހުންނެވެ. ޝާރިޤު ސިހުނީ ކުރިމައްޗަށް ސައިކަލެއް މަޑުކޮއްލީމައެވެ. އަދި އޭނައަށް ފޯނަށް ޖަވާބުދެވުނީދެނެވެ. އަވަހަށް އޮޅިގެންނޭ ބުނެލިއެވެ. ދޮރުމަތީ އެކުވެރިޔާ ނައިސްގެން ހުރި ޝާރިޤުގެ ކުރިމައްޗަށް މަޑުކުރީ ވިޝާލްއެވެ. “ކިހިނެއް ތިހެދީ……..ހާދަލަހުންނޭ ތިއައީ” ޝާރިޤު ސައިކަލުގެ ފަހަތަށް އަރާއިށިންނަމުން ބުނެލިއެވެ. “އާނ……ވީގޮތަކީ ނުކުންނަން އުޅެނިކޮށް މަންމަ ބުނެފި ތުއްތަ ތަނަކަށް ވައްޓާލަ ދޭށޯ އެހެންވެ…” ވިޝާލް ޝާރިޤަށް ލަސްވި ސަބަބު ބުނެދިނެވެ.

އެރޭ ޝާރިޤު ކޮޓަރީގައި އޮތްއިރު އެއަޑު އަދިއެއްފަހަރު އަހާލާހިތުން އޮވެވެނީކީ ނޫނެވެ. އޭނަގެ ކަންފަތުގެ ހިނދުރީގަވަނީ އެރީތި އަޑުހަރުލާފައެވެ. ޝާރިޤު ދެފަހަރު ފޯނުނެގިއެވެ. އަދި އެނަންބަރު ބަލާލުމަށްފަހު އަނެއްކާވެސް ފޯނުކައިރީގައި ބާއްވާލައެވެ. ގުޅަން ނުކެރިގެންނެވެ. އެއަންހެން ކުއްޖާޔާ ބެހޭ މަޢުލޫމާތު ލިބޭނީވެސް ގުޅުމުންކަން ޝާރިޤުގެ ހިތާ ސިކުނޑި ވިސްނާދެމުންދެއެވެ. ޝާރިޤު ވަރަށް ހިތްވަރުކޮއްފައި އެނަންބަރަށް ޑައިލްކުރިއެވެ. ފޯނު ރިންގުވަމުން ދިޔައިރު އޭނަގެ ހިތްބާރަށްތެޅެމުން ދިޔައެވެ. ކައިރީގައި މީހަކު ހުރިނަމަ އެއަޑުއިވޭހާ ބާރަށެވެ.

“ހެލޯ…..” އެރީތި އަޑު ޝާރިގަށް އިވުނެވެ. ޝާރިޤަށް ފޯނުކަނޑާލެވުނެވެ. ހާސްވެގެންގޮސް ބުނާނެއެއްޗެއް ނޭގިގެންނެވެ. އަމިއްލަ ފިނޑިކަމާދޭތެރޭ އަމިއްލަ ނަފްސަށް މަލާމާތްކުރެވުނެވެ. ޝާރިޤު އަނެއްކާވެސް ފޯނުނެގިއެވެ. ވަރަށް ހިތްވަރުކޮށްފައި މިފަހަރުވެސް ގުޅިއެވެ. “ހެލޯ….” މިފަހަރު ވާހަކަދެއްކީ ޝާރިޤުއެވެ. “ހެލޯ……ތީ ކާކު…….މިނަންބަރަށް ގުޅާފަ ތި ފޯނު ކަނޑަނީ ކީއްވެ” އެއަންހެން ކުއްޖާގެ ރާގުން އޭނަ ހުރީ ހިތްހަމަ ނުޖެހިފަހެން ހީވިއެވެ.  “ރުޅިއައީތަ” ޝާރިޤަށް ވާހަކަދައްކާނެހާ ހިތްވަރުލިބުނީ ކިހިނެއް ކަމެއް ނޭގުނެވެ. “ކާކު ހޯދަން ބޭނުންވަނީ…..” އެއަހަންހެން ކުއްޖާ އަނެއްކާވެސް ސުވާލެއް ކުރިއެވެ. “ތިއަންހެން ކުއްޖާ……..ކޮންނަމެއް ކިޔަނީ” އެއަންހެންކުއްޖާގެ ސުވާލަށް ޖަވާބުދިނުމުގެ ގޮތުން ޝާރިޤު ބުނެލިއެވެ. “ޕްލީސް ފޯނު ނުބާވައްޗޭ………އެޓްލީސްޓް ފިފްޓީން މިނެޓްސް އަހަންނާ ވާހަކަ ދައްކާލަބަލަ….” ޝާރިޤު ބުނި އެއްޗަކުން ފޯނުގެ އަނެއްފަރާތުން ވާހަކަދައްކަމުން ދިޔަ އަންހެން ކުއްޖާ ހީލިއަޑުއިވުނެވެ. ޝާރިޤުގެ ހިތަށްހީވީ ޕިންތަކެއް ހެރެމުން ދިޔަހެންނެވެ. އެހާ މަސްތީއަޑެއްގެ ވެރިޔަކު ދެކިލަން ބޭނުންވާވަރުންނެވެ. “ކީއްވެ ތިހެނީ………..ވާހަކައެއް ބުނަންތަ” ޝާރިޤު ވާހަކަ ދައްކަމުން ދިޔައެވެ. އެއަންހެންކުއްޖާވެސް ފޯނު ކަނޑައެއްނުލިއެވެ. ޝާރިޤަށް އެއަންހެންކުއްޖާގެ ނަންއަހާލުމުން ނަމެއް ނުބުނާނަން ކަމަށް ބުންޏެވެ. އަދި ފަނަރަ މިނެޓް ހަމަވުމާއެކީ ގަޑިހަމަވީއޭ ބުނެ ފޯނު ބޭއްވިއެވެ. ނަމަވެސް ޝާރިޤު އޮތީ ވަރަށް އުފަލުންނެވެ. ފޯނު މޭމަތީ ބާއްވާލައިގެން ނިތުގައި އަތްބާއްވާލައިގެން ޝާރިޤުއޮތެވެ. އޭނަގެ ދެލޯވަނީ މަރާލެވިފައެވެ. އޭނަ ސިފކުރަމުން އެދަނީ އެއަންހެން ކުއްޖާ ހުންނާނެ ގޮތަކާދޭތެރޭއެވެ.

ބަރާބަރު ދެމަހާ ސޯޅަ ދުވަހު އެއަންހެން ކުއްޖާއާ ވާހަކަދައްކާލުމުގެ ފުރުޞަތު ލިބުނެވެ. އޭރުވެސް އޭނަގެ ނަމެއް ނުބުނެއެވެ. އަދި ގެއެއްވެސް ނުބުނެއެވެ. ފޯނުން ހަމައެކަނި އެރީތިއަޑު ފަނަރަމިނެޓަށް އިވޭކަމެވެ. އެއަންހެން ކުއްޖާގެ ވާހަކައިން އެނގުނުގޮތުގައި އޭނަ އުޅެނީ އަމީނިއްޔާ ސްކޫލްގައެވެ. އެއްދުވަހު ބައްދަލު ކުރުމަށްވެސް ޝާރިޤު އެދުނެވެ. އެކަމަކު އެކަމަށްވެސް އޭނަދިނީ ފުރަގަހެވެ.

ދެމަހާ ސޯޅަދުވަސް ވީ ދުވަހުގެ ރެއަކީ ޝާރިޤު ރޯކުރަމުން އައިހުޅުކޮޅުން އަލިނުވަނިސް ނިވުނުރެއެވެ. އެއަންހެންކުއްޖާ ވަރަށް ލޯބިވާ މީހަކު ހުރިކަމުގެ ވާހަކައާއި އޭނައާއި ރައްޓެހިވާން އުޅޭ ވާހަކަ އަޑުއިވުނީ ޝާރިޤަށް ހޮނު ގުގުރިއެއް ފަދައިންނެވެ. މިހާދުވަސްވަންދެން އެންމެރެއެކާ ދުވާލެއް ވައްޓާނުލާ ގުޅަމުން ދިޔައިރު އެއަންހެން ކުއްޖާގެ ހިތަށް ޝާރިޤާ ދޭތެރޭ އެއްވެސް ކުލުނެއް ހަމަނެތީބާއޭ ޝާރިޤު ހިތަށް އެރިއެވެ. އޭނަގެ ދެލޮލުން ކަރުނައައެވެ. ފިރިހެނަކަށް ވެހުރެ ރުއިމަކީ ފިނޑިކަމެއްކަމަށް ހީކުރެވިފައިވާ ޝާރިޤަށް އަވަހަށް ލޮލުން ފައިބަމުންދިޔަ ކަރުނަތައް ފޮހެލެވުނެވެ. އެއަންހެން ކުއްޖާއެދުނީ ދެންއޭނައަށް ނުގުޅުމަށެވެ. އޭނަގެ ހަޔާތުގަ ޖާގައޮތީ ހަމައެކަނި އެންމެ މީހަކަށް ކަމަށް ބުނަމުން ދިޔައެވެ. އޭނައަށް ލޯބި ދަސްކޮށްދިނީ އޭނަ މިހާރު ރައްޓެހިވާން އުޅޭ ކުއްޖާއެވެ. އެއީ ހާދަހާ ބޮޑު ނަސީބުވެރިއެކޭ ޝާރިޤު ހިތަށް އެރިއެވެ.

އޭގެ ފަހުންވެސް ޝާރިޤު އެއަންހެން ކުއްޖާއާއި ދިމާވޭތޯ ވަރަށް މަސައްކަތްކުރިއެވެ. ނަމަވެސް އެނަންބަރަށް ގުޅާލުމުން އިވެނީ އެއްއަޑެކެވެ. އެނަންބަރުގެ ހިދުމަތްވަނީ ކަނޑާލެވިފައިކަމެވެ. ޝާރިޤު އެނަންބަރު އިނީ ކާކުގެ ނަމުގައިތޯ ބެލުމަށް ދިރާގަށްވެސް ދިޔައެވެ. އެކަމަކު ވީ ނާކާމިޔާބެވެ. އެނަންބަރު އިނީ ފިރިހެނެއްގެ ނަމުގައެވެ. އެކަމަކު ނަންބަރުނެގިފަރާތުގެ އެޑްރެސް އެނގުމުން އެގޭދޮށުން ކުރިކީލަ ކަނޑާލައެވެ. އެދުވަހަށްފަހު އެއަންހެން ކުއްޖާގެއްލުނީއެވެ.

ޝާރިޤު ލޮލުގައި ޖަމާވެފައިވާ ކަރުނަތައް ހިންދާލަން މަސައްކަތްކުރަމުން އެނދުން ތެދުވިއެވެ. އެއީ އެހިޔާލު ތަކާ ދުރުވުމަށެވެ. ޝާރިޤު ދިރިއުޅެމުން ދަނީ ކޮންމެވެސް ދުވަހަކުން އެއަންހެން ކުއްޖާއާއި އަދި ދިމާވާނެކަމުގެ އުއްމީދުގަހުރެއެވެ. ނާދިއާ މީހަކާ އިންނަ ވާހަކަދެއްކުމުން އެކަމާ ގަޔާނުވެވެނީވެސް އެހެންވެއެވެ. އެއަންހެން ކުއްޖާއަށް އިންތިޒާރު ކުރެވެނީ ކީއްވެކަމެއް ޝާރިޤަކަށް ނޭގެއެވެ. އަދި އެސުވާލުގެ ޖަވާބު ހޯދާކަށްވެސް ބޭނުމެއް ނުވެއެވެ. ފޯނުގައި މައިގާރލް ޖަހާފައިވާ ނަންބަރަށް ބަލަހައްޓައިގެން ޝާރިޤުއިނެވެ.

ރޭގަނޑުގެ އެއްދަން ހުސްވިއިރު ޒޯޔާއަށް ހޭލެވުނީ ގޭތެރޭގެ އަޑުފަށްގަނޑު ގަދަވެގެންނެވެ. އަވަހަށް ކައިރީގައޮތް ޝާހިޤަށް ގޮވާލިއެވެ. ޒޯޔާވެސް އަވަހަށް ނުކުންނަންވެގެން ކޮޓަރީގައި އިން ގޮނޑިމައްޗަށް އެއްލާފައިވާ ޝާހިޤުގެ ގަމީސް ނައިޓީ މަތިން ލިއެވެ. ކޮޓަރިން ނުކުތްއިރު ކަމަކުދާކަށް ނެތެވެ. މިޝްކާ ފޮށި ހިފައިގެން ނުކުންނަނީ ދާންށެވެ. އޭރު އޭނަ ރޮނީއެވެ. ޝާދިން ފެންނަ ހިސާބެއްގަނެތެވެ. އޭރު ގޭގެއެންމެން ތިބީ ސިޓިން ރޫމުގައެވެ. އެކަކަށްވެސް ވާނުވާއެއް ނޭގެއެވެ. ނާދިއާ މިޝްކާ ހުއްޓުވަން މަސައްކަތްކުރިއެވެ. މިޝްކާ އުޅޭގޮތުން އޭނަ އެންމެހިނދުކޮޅަކަށްވެސް އެގޭގައި މަޑުކުރާކަށް ބޭނުމެއް ނުވާކަންއެނގެއެވެ. “ޝާމިން ދޭބަލަ ޝާދިން ކޮބާތޯ ބަލަން……..އެކަމަކު ޝާދިންއަކީ އެހާރުޅިއިސްކުރާ ކުއްޖެއް ނޫން….” ނާދިއާ އަށް ބުނެލެވުނެވެ. “ހޫ……….މަންމައަށް ރަގަޅުވާނީ ޝާދިންއެންނު މިހާރު……………މަށެއް ނޫޅެން ހުންނާކަށްވެސް” ނާދިއާއަށް ބަލަން ހުރެވުނީއެވެ. މިޝްކާ އެދަންވަރު ނުކުމެގެން ދިޔައީއެވެ. ޝާމިން ބޭރުގައި އުޅެފައި ޝާދިން ނުފެނިގެން ގެއަށް އައެވެ. އެންމެން ސިޓިންގ ރޫމުގައި ކަންބޮޑުވެފައި ތިއްބެވެ.

ހެދުނުގެ ސައިބުއިމަށް އެންމެން ކާމޭޒުދޮށުގައިތިބި އިރު ޝާދިންއެއް ނުނުކުމެއެވެ. އޭނަ އޮތީ ކޮޓަރީގައެވެ. އެންމެން އޮފީހަށް ދިއުމުން ނާދިއާ ޝާދިންގެ ކޮޓަރިއަށް ވަނެވެ. ވެގެން އުޅޭ ގޮތެއް އޮޅުންފިލުވުމަށެވެ. ކުދިން ބޮޑުވަމުން އައިއިރު އެކުދިންގެ ދިރިއުޅުމުގެ ކަންތައްތަކުގައި ގިނައިން މަޝްވަރާކޮށް ހަދާފައި ވަނީ ނާދިއާއެވެ. ފިރިހެން ކުދިންނަށްވިޔަސް އެމީހުންގެ ދިރިއުޅުމާބެހޭ ކަންތައްތައް ނާދިއާއަށް ކިޔާދިނުމަށް އެކަމާ މަޝްވަރާކުރުމަކަށް ފަހެއްނުޖެހެވެ. އެއީ އެކުދިން ބޮޑެތިވެގެން އައިއިރު އަލިމަނިކު އަބަދުހެން އުޅެނީ ވިޔާފާރީގައެވެ. ކުދިންގެ ހުރިހާކަމެއް ހައްލުކޮށްދެނީ ނާދިއާއެވެ. ގެވެހި އަންބެތްގެ ވާޖިބު އެންމެ ފުރިހަމަ ގޮތުގައިވަނީ އަދާކުރެވިފައެވެ.

ނާދިއާ ފެނުމުން ޝާދިން އެދުން ތެދުވެ އިށީނެވެ. އަދި ދިމާވި މައްސަލަ ކިޔާދިވެ. ޝާދިންއަށް އޭނަގެ ކެތްތެރިކަން ކޮޅުން ލުމުން ކަމެއް ކުރެވުނީއެވެ. އެކަމާ ރުޅިއައިސްގެން މިޝްކާ ޝާދިންއާއި ދެބަސްވެ ޝާދިން ހިތްހަމަނުޖޭ އެއްޗެހި ކިޔަން ފެށުމުން ޝާދިންއަށް މިޝްކާ ވަރިކޮއްލެވުނީއެވެ. މިޝްކާ ގޭންނުކުމެގެން ދިޔައީއެހެންވެއެވެ. ނާދިއާއަށް ހުރިހާ ވާހަކައެއް އަޑުއިވުމުން އިނީ ވަރަށް ދެރަވެފައެވެ. އެކަމަކު އެކި މީހުންނަކީ އެކި މިޒާޖުގެ މީހުންނަށް ވާއިރު އެމީހުންގެ އުޅުން ބޭނުންވާ ގޮތަކަށް ބަދަލެއްވެސް ނުކުރެވޭނެކަން ނާދިއާއަށް އެނގެއެވެ. ނާދިއާ ނިންމީ ޝާދިންއަށް ފެންނަނަމަ މާއާފަށް އެދި އަލުން ކައިވެނި ރުޖޫޢަ ކުރުމަށެވެ. ނޫނީ ޝާދިންއަށް ފެންނަ ގޮތަކަށް ދިރިއުޅުމުގެ ބިންގާ އަލުން އެޅުމަށެވެ.

ހަވީރު ރަޔާން ގޮވައިގެން ސްކޫލުދޮށަށް ދިއުމަށް ޝާމިންއަށް ނާދެވުމުން ރަޔާން ގޮވައިގެން ސްކޫލަށް ދިޔައީ މަލާކްއެވެ. ޒޯޔާވެސް ބޭރަށް ނުކުމެލާ ހިތުން މަލާކްއާއިއެކު ދިޔައެވެ. ރަޔާން ގެންގޮސް އަމީރުއަހްމަދު ސްކޫލަށް ލުމަށްފަހު ޒޯޔާ އާއި މަލާކް ދިޔައީ ފިނިއެއްޗެއް ބޯލަންށެވެ. ނާދިއާ މަލާކްއަށް ޝާދިންމެންގެ ދެމަފިރިންގެ ވާހަކަ ކިޔާދީފައި ވުމުން ޒޯޔާ އެވާހަކަ އަހާލާއިރަށް މަލާކް އެވާހަކަ ކިޔާދިނެވެ. “މަންމަ ހާދަ ވިސްނައޭދޯ ގޭތެރޭގެ އުފާވެރިކަމަށް…………….” ޒޯޔާ އަށް ބުނެލެވުނެވެ. މަލާކްވެސް އެކަމާ އެއްބަސްވިއެވެ. ޒޯޔާގެ ފޯނު ރިންގުވާން ފެށިއެވެ. ޒޯޔާ އަވަހަށް ފޯނުނަގާ ހެލޯއޭ ބުނެލިއެވެ. ގުޅީ ޝާހިޤުއެވެ. ޒޯޔާ ބޭރުގައުޅޭތީ ހާލުބަލާލަންވެގެންނެވެ. “ޝާހިޤު ކޮއްކޮ ހާދަ ވަރުންނޭ ދޯ އުޅެނީ ޒޯ އާހެދި” މަލާކް ހީލަމުން ބުނެލިއެވެ. “އަހަރެން ހިތައް އަރާ ޒޯއަށް އަންހެން ކުއްޖެއް ލިބޭނެ ނަމައޭ………..މަންމަ އުފަލުން ފުރޭނެ ދޯ………..އަހަންނަށްވެސް ލިބުނީ ފިރިހެން ކުއްޖެއްވިއްޔަ، މަންމަގެވެސް އެތިބީ ހުސް ފިރިހެން ކުދިން” މަލާކް ޒޯޔާގެ އަތުގަ ހިފާލަމުން ބުނެލިއެވެ.

ޝާހިޤުގެ ފޯނަށް އައި މެސެޖަށް ބަލާލިއެވެ. “އައިމް ފްރީ، ޕްލީސް ބީ އޮންލައިން” ޝާހިޤު އެމެސެޖު ކިޔާލިއެވެ. އެކަމަކު އެއްވެސް ޖަވާބެއް ނުފޮނުވިއެވެ. ފޯނުން އެމެސެޖު ޑިލީޓް ކޮއްލިއެވެ. އެ މެސެޖުއަންނަ ލަންކާ ނަންބަރުވެސް ފޯނުން ފޮހެލިއެވެ. ޒޯޔާ ކައިރިއަށް އަވަހަށް ދިއުމަށް ޝާހިޤު އޮފީހުން ނުކުތެވެ.

ގެއަށްއައި އިރު ޒޯޔާ އިނީ އަތަށް އެއްޗެއް ލައިގެން އޭގެންވަސްބަލާލަ ބަލާލައެވެ. ޓީވީ ހުރީ ހުޅުވާފައެވެ. އަރާމުކޮށް އެނދުގައި ޖައްސާލައިގެން އޮތް ޒޯޔާ ޝާހިޤު ކޮޓަރިއަށް ވަނުމުން އަތުގައި އޮތްއެތި ފޮރުވިއެވެ. ޝާހިޤަށްވެސް އެމަންޒަރުފެނުނެވެ. “ކޯއްޗެއް ތި ފޮރުވަނީ………….” ޝާހިޤު ލާނެތް ރާގަކަށް ބުނެލިއެވެ. “އެއްޗެއް ނޫނޭ………” ޒޯޔާ އަތުގައިވާ އެތިފެނިފައި ޝާހިޤު ހިތަށް އަރާފާނެ އެއްޗަކާމެދު ވިސްނާލެވުނީއެވެ. ޝާހިޤު ގަމީހާއެއްޗެހި ކޮނޑުގައި އަޅުވާލުމަށްފަހު ފާހާނާއަށް ތާޒާ ވެލުމަށް ވަންނަން ތައްޔާރުވެލިއެވެ. އެކަމަކު ޒޯޔާ މިހާވަރަށް ވަސްބަލަނީ ކޯޗަކުންތޯ ބަލާލާހިތުން ޒޯޔާ ކައިރީ ޖައްސާލިއެވެ. “ދެން ދައްކަބަލަ………ޕްލީސް ޒޯ، ދެން ޕްލީސް ބުނީމަވާނެ އެކަމެއް ކޮށްދެން……..ޒޯ” ޝާހިޤު އާދޭސް ކުރިއެވެ. ޒޯޔާ މަޑުމަޑުން އަތުގައިވާ އެތި ދައްކާލިއެވެ. އޭނަގެ އަތުގައިވަނީ ފޮނިތޮށިގަނޑެކެވެ. “ތީ ކޮންކަމެއް، ޒޯ ކާއެއްޗެއް ނޫނެންނު ތީ” ޝާހިޤު ހިނިއައިސްފާ ބުނެލިއެވެ. “އެނގެއޭ، މަށަކަށް ނޭގެ……………އަހަންނަށް ހަމަ މީރުވަސްދުވަނީ، ވަސްބަލާހިތްވަނީ…………………….ހިތްހަމަޖެހޭތީ” ޒޯޔާ ހިނިތުންވެލަމުން ފޮނިތޮށިގަނޑުނަގާ ނޭފަތާކައިރިކޮށްލަމުން ނޭވާއެތެރެއަށް ދަމާލިއެވެ. ޝާހިޤު ހިނިއައިސްފައި ޒޯޔާގެ ކޯތާފަތުގައި ބޮސްދިނެވެ. ޒޯޔާގެ ހާލު ކިރިއާވެސް ރަގަޅު ދުވަހެއް ނަމަ ޝާހިޤުގެ ހުރިހާ އެދުމެއް ފުއްދާދެއެވެ. އޭނަ ޝަކުވާކުރާނެ އެއްވެސް ކަމެއް ނުހުރެއެވެ. ކޮންމެ ކަމެއްވެސް ކޮށްދީފައި ހުންނަނީ ފަރުވާތެރިކަމާ ލޯތްބާ އެކުއެވެ.

ކުޑަކުޑަ ރަޔާންގެ އުފަންދުވަސް އަންނާތީ މަލާކް އާއި ޝާމިން އުޅެނީ އަވަދިނެތިއެވެ. ގޭތެރޭގެ ކޮންމެ މީހަކަށް ޓާސްކެއް ހަވާލުކުރިއެވެ. ޒޯޔާއަށް ކުރަންޖެހުނު މަސައްކަތަކީ ޕާރޓީއަށް އަންނަ ކުދިންނަށް ދޭނެ ހަދިޔާ ތައްޔާރުކުރުމެވެ. ހުރިހާ ކަމެއް ރޭވުނުއިރުވެސް ޕާރޓީ ބާއްވާނީ ތޯ ނޫނީ ސްކޫލަށް ގެންދާނީތޯ ކުރެވޭ ސުވާލަށް ޖަވާބެއް ނުލިބެއެވެ. ޒޯޔާ ބޭނުންވީ ޕާރޓީއެއް ބޭއްވުމަށެވެ. ކުޑަކުދިންގެ ކާރޓޫނު ކެރެކްޓަރތައް ގެނެސްގެންނެވެ. އެންމެނަށް މި ހިޔާލުވީ އެންމެ ރަގަޅު ހިޔާލުކަމުގެއެވެ.

ޕާރޓީ ބޭއްވުނީ ކަލާފާނު ސްކޫލްގެ ކޮމްޕައުންޑުގައެވެ. މަލާކް އާއި ޝާމިން ކުޑަކުޑަ ރަޔާން ގޮވައިގެން ޕޯޓްރެއިޓް ގެލެރީއިން ފޮޓޯ ނަގައިގެން ނުކުތީ ކަލާފާނު ސްކޫލަށް ދިއުމަށެވެ. އެކި ކުލަކުލައިގެ ފުއްޕާހަންތަކުން މުޅިތަންވަނީ ޒީނަތްތެރިވެފައެވެ. ޕާރޓީއަށް އަންނަކުދިން ދޭ ހަދިޔާ ބެހެއްޓުމަށް ޝާހިޤު ޝާމިން ކައިރީ އުޅެއެވެ. ޒޯޔާ ގިނައިރު ކޮށްޅަށް ނުހުރެވޭނެތީ ގޮނޑިއެއްގައި އިށީދެލައިގެންއިނެވެ. އެރީތި ދޮން މޫނާ ހަށިގަނޑުގެ ރީތިކަން ލާފައިވާ ކަޅުހެދުމުން އިތުރުކޮށްދިނެވެ. ބަލިވެއިނުމުގެ ސަބަބުން ޒޯޔާގެ ފަންއިސްތަށިގަނޑުގެ ރީތިކަން އިތުރުވެފައިވެއެވެ. އާދައިގެ މަތިން ޝާރިޤު އޭނަގެ ކެމެރާ ކަރުގައި އަޅުވާލައިގެން ފޮޓޯ ނެގުމުގައި އުޅެއެވެ. ޝާދިންވެސް ޕާރޓިގައި އުޅެއެވެ. އެކަމަކު އޭނަގެ މޫނުމަތިން ފެންނަނީ މޮޅިވެރިކަމެވެ. ކުޑަކުޑަ ރަޔާން ކުދިން ގެންނަ ޕާރުސަލް ތަކުގައި ހިފުމުގެ ބަދަލުގައި އޭނަ ބޭނުންވީ އެތާ ދުވެލާ ކުދިންނާއެކު ސަކަރާތް ޖަހާ މަޖާކޮށްލުމަށެވެ. ނަމަވެސް މަލާކް ރަޔާންގެ އެއްއަތުގައި ހިފަހައްޓައިގެން ހުރުމުން ދެވޭގޮތެއް ނުވެއެވެ.

އެނދުގައި އޮށޯވެލައިގެން އޮތް ޒޯޔާ އޮތީ ނުނިދިފައެވެ. އެއްއަތުން ބަނޑުގައި ފިރުމާލަ ފިރުމާލަ އޮތް އިރު އޭނާ ވިސްނަމުން ދިޔައީ ބަނޑުގައިވާ ދަރިންނާ ދޭތެރޭއެވެ. އެންމެ ކުއްޖެއް ނޫނެވެ. ދެކުދިންނެވެ. ޒޯޔާ ބަލިވެއިނީ އެއްމާބަނޑު ދެކުދިންނަށެވެ. ޝާހިޤަށް އޮތީ ތަންކޮޅެއް ކުރިން ނިދިފައެވެ. ޒޯޔާ ކޮންކަހަލަ ކުއްޖެއްތޯ ބަލަން ވަރަށް ބޭނުންވެއެވެ. އެކަމަކު ޝާހިޤު ބަލާކަށް ބޭނުމެއް ނޫނެވެ. މިކަހަލަ ހިޔާލެއްގައި އޮއްވާ ޝާހިޤުގެ ފޯނަށް މެސެޖެއް އައެވެ. “ކާކުތަ އަބަދު ޝާހިޤަށް މެސެޖު މިކުރަނީ……” ޒޯޔާ ހިތައްއެރިއެވެ. އަދި ތެދުވެގެން ގޮސް ޗާރޖަށް ޖަހާފައިވާ ފޯނުނަގާ ބަލާލިއެވެ. “ހާއި ޝެގީ، އައެމް އޮންލައިން……..” ޒޯޔާ މެސެޖު ކިޔާލިއެވެ. އަދި ނަންބަރު ބަލާލިއެވެ. ނަންބަރަކީ ލަންކާ ނަންބަރެކެވެ. މިނަންބަރުން މެސެޖު އަންނަތާ ވަރަށް ދުވަސްވެއްޖެއެވެ. ޝާހިޤު އެނަންބަރުގެ ސިއްރެއް ޒޯޔާއަށް ހާމަކޮށްފައެއްނެތެވެ. ނުދަންނަ ނަންބަރަކުން އެހާވަރަށް ގުޅަންވީ ކީއްވެކަމެއް ޒޯޔާ އަކަށް ނުވިސްނުނެވެ. “ވެދާނެ ޝާހިޤު އޮންލައިންކޮށް ބޭރުމީހަކާ ޗެޓު ކުރަނީކަމަށް……….އެހެންވެ ކަންނޭގެ ގޭގަވެސް މިފަހަކަށް އައިސް ކޮމްޕިއުޓަރ ދޮށުގަ އެއިންނަނީ………” ޒޯޔާ ކުޑަކޮށް ވިސްނާލިއެވެ. އަދި ރަގަޅު ވަގުތެއްގައި ޝާހިޤު ކައިރީ އެމެސެޖުގެ ވާހަކަދެއްކުމަށް ޒޯޔާ ނިންމިއެވެ.

ބާރަޖަހަން އުޅެނިކޮށް ޝާދިންއަށް ފޯނެއް އައެވެ. ޝާދިންއަށް ލިބުނީ ޝޮކެކެވެ. ޝާދިންއަށް ގުޅަނީ މިޝްކާއެވެ. އެއީ ހަމަ އޭނަގެ ނަންބަރެވެ. ޝާދިން ހުރީ އޭނަގެ އަޑު އިވޭނެ ދުވަހެއްގެ އިންތިޒާރުގައެވެ. ޝާދިން ފޯނުނަގާ ކަންފަތުގައި ޖައްސާލަމުން ހެލޯ އޭ ބުނެލިއެވެ. “ހެލޯ، ޝާދިންތަތީ؟” އެކޮޅުން ވާހަކަދެއްކި މީހާ އަހާލިއެވެ. އަޑުން އެއީ އަންހެނެއްކަން އެނގުނެވެ. އެކަމަކު އެއީ މިޝްކާގެ އަޑެއް ނޫނެވެ. “ކޮއްކޯ މީ ހަބިއްތައޭ، އެކުން މިގުޅީ ކޮއްކޮ ކައިރީ ވާހަކައެއް ބުނަންބޭނުންވެގެން…………….” މިޝްކާގެ ފަހަރި ހަބީބާ ވާހަކަދައްކަމުން ދިޔައެވެ. “އާ……….ބުނެބަލަ……” ޝާދިން ވާހަކަ ކުރިއަށް ގެންދިއުމަށް ބުންޏެވެ. “ކޮއްކޯ ހަބިއްތައަށް އެނގޭ މިޝްކޮއަކީ ވަރަށް ގޮތްދޫނުކުރާ ކުއްޖެއްކަން، އަދި އެހާ ފަސޭހައިން ރުޅިވެސް އަންނަކަން، އެކަމަކު އޭނަ މިހާރު ވަރަށް ބަދަލުވެއްޖެ، އެއީ މިހާރު ކުރީގެ މިޝްކާއެއް ނޫން………” ހަބީބާ ބުނެދޭން އުޅުނު އެއްޗެއް ޝާދިން އަޑެއްނޭހިއެވެ. “ހަބިއްތަ ތިދައްކަނީ ހަމަ މިޝްކާގެ ވާހަކަތައް، އަހަރެން އޭނަދެކެ ކިތަންމެ ލޯބިވިޔަސް އޭނަ ނުވާނެ ބަދަލެއް، އަހަރެން ގަބޫލެއް ނުކުރާނަން” ޝާދިން ގަބޫލުކުރާކަށް ބޭނުމެއް ނުވިއެވެ. “ކޮއްކޯ……ކޮއްކޮވެސް ނިކަން ހިތްތިރިކޮށް ހަބިއްތަ މިދައްކާ ވާހަކަ އަޑުއަހާބަލަ، މިޝްކޮ އޭނދީ ބަލިވެ، އޭނަގެ ބަނޑަށް ދޮޅުމަސް، އެދަރިފުޅުގެ ބައްޕައަކީ ޝާދިން، އޭނަ ޝާދިން އާއި ގުޅެން ބޭނުން އެކަމަކު ކަންތައްތައްވީ ގޮތުން އޭނަ އެހެރީ ގުޅަން ނުކެރިފަ، އަނެއްކޮޅުން ގޮތްދޫވެސް ނުކުރަން، އެކަމަކު ހަބިއްތައަށް ފެނޭ މިޝްކޮ އެކަނިހުރެ ރޯތަން………………ހަބިއްތަވެސް އަދި މިޝްކޮގެ މަންމަވެސް ބޭނުންވަނީ ތިދެކުދިން އަލުން ގުޅެން……….މިވާހަކަ ބުނަން ކުރިންވެސް އުޅުނިން އެކަމަކު މިޝްކޮ މަނާކުރާވަރުން ނުބުނެވުނީ، މިރޭ މިގުޅީ ހަބިއްތަގެ ހިތައް ކެތް ނުވެގެން މިޝްކޮށް ނިދާފައޮއްވާ…………” ހަބީބާގެ ވާހަކަ ނިމުނުއިރު ޝާދިން ހުރީ ހުއްޓުން އަރާފައެވެ. “ހަބިއްތާ ނިކަން ތެދަށްބުނެބަލަ، މިޝްކާ ހަމަ ބަލިވެތައިނީ…………..” ޝާދިންއަށް އަދިވެސް ގަބޫލެއް ނުކުރެވެއެވެ. “ބަލަ ހަބިއްތަ ކީއްކުރަން ދޮގެއްހަދަންވީ، މިޝްކޮ ބަލިވެ އުޅޭތި ހަބިއްތައޭ ދިޔައީ ހޮސްޕިޓަލަށް ގޮވައިގެން، ޑޮކްޓަރު މިޝްކޮ ގާތު އެއުފާވެރި ހަބަރު ދިނީ ހަބިއްތަ ކައިރީގަ ހުއްޓައޭ…..” ހަބީބާ ބުނިއެއްޗަކުން ޝާދިން އުފަލުން ފުރުނެވެ. “ހަބިއްތާ، އަހަރެން މާދަމާ މިޝްކާ ބަލާ ދާނަން، އޭނަ ކައިރީ ނުބުނައްޗޭ…………އަހަރެން އޭނައާ އަލުން ގުޅެން ބޭނުން” ޝާދިން ފޯނުބޭއްވީ ވަރަށް އުފަލުންހުރެއެވެ. އޭނަގެ ހުވަފެންތައް ސީދާވަނީއެވެ. ލޯބިވާ މީހާވެސް ބީވެގެން ނުދިޔައީތީ އަދިވަކިން އުފާވިއެވެ. އިރުއަރާނެ އިރެއްގެ އިންތިޒާރުގައި ގަޑިގުނަ ގުނާ އޮތް ޝާދިން އަށް ނިދުނީ ކިހިނެއް ކިހާއިރަކުކަމެއް ނޭގުނެވެ.

ފުއްމައިގެން އެނދުން ތެދުވިގޮތަށް ޝާދިން ބަލާލީ ފާރުގައި ހުރި ގަނޑިއަށެވެ. “މާލަސްވީ…….” ޝާދިންއަށް ބުނެލެވުނެވެ. އޭނަ ފޯނަށް ބަލާލިއެވެ. އެއީ އޭނަ ނިދަންއޮށޯތީ ފޯނުން ގަޑިއެލާމް ކޮށްފައިކަމަށް ވީތީއެވެ. ޝާދިން ފާހާނާއަށް ވަނީ ފެންވަރާ ތައްޔާރުވާށެވެ. ދުވަހަކީ ހުކުރު ދުވަސްކަމުން ދެން މިޝްކާ ބަލާގޮއްސަ ހުކުރަށް ދާހާ ވަގުތެއް ޝާދިންއަކަށް ނެތެވެ. އެހެންވެ ހުކުރުން ފައިބައިގެން މިޝްކާ ކައިރިއަށް ދާން ނިންމިއެވެ. ޝާދިން ގޭގެއެކަކު ކައިރީވެސް އެވާހަކައެއް ނުބުނެއެވެ.

ހަތަރުމަހުގެ ބަނޑާއެކު ޒޯޔާހުރީ ޝާހިޤުގެ ގަމީސް އިސްތިރިކުރާށެވެ. އޭރު ޝާހިޤު ފާހާނާގައި ފެންވަރަން އުޅެއެވެ. “ޝާހިޤު އަވަސް ކުރޭ………..މިހާރު މި ނިމުނީ އިސްތިރިކޮށްވެސް” ޒޯޔާ ޝާހިޤަށް އަވަސް ކުރުމަށް ބުންޏެވެ. ޒޯޔާ އެނދުގައި އިށީނީ ކުޑައުނދަގުލަކާ އެކުއެވެ. ހަތަރުމަހުގެ ބަނޑަކާ ބަލާފަ ބޮޑުކަމުން ތަންކޮޅެއް ތިރިތަނެއްގަ އިށިންނަން އުނދަގޫވެއެވެ. އޭނަގެ އަތްފައި ހުންނަނީ ކޮންމެވެސް ވަރަކަށް ދުޅަވެ ވާންވެފައެވެ. އެނދުގައި އިށިދެލައިގެން ޒޯޔާ އިންއިރު އޭނައިނީ އާދައިގެ މަތިން އޭނަގެންގުޅޭ ފޮނިތަށިކޮޅުގެ ވަސް ބަލާލަ ބަލާލައެވެ. ޝާހިޤު ފެންވަރައިގެން ނުކުތްގޮތަށް ޒޯޔާއާ ދިމާލަށް އިސްތަށިގަނޑުގައި ހަރުލާފައިހުރި ފެންތައް ފޮޅާލިއެވެ. “ހޫ……ދެން ސަކަރާތް ޖަހަން ހުންނަންވީކީ ނޫން………އަވަހަށް ތައްޔާރުވޭ، ބައްޕަ މިހާރު ހުންނަވާނެ ޝާހިޤު ނުނުކުމެގެން………..” ޒޯޔާ ކޮޓަރިން ނުކުންނަން ހިނގައިގަތެވެ.

ކޮންމެ ހުކުރު ދުވަހެއްގައި އަލިމަނިކު ހުކުރަށް ދިއުމަށް ގެއިން ނުކުންނާނީ ހުރިހާ ކުދިންވެސް ގޮވައިގެންނެވެ. އެކުދިންގެ އެންމެ ޅަދުވަހުންފެށިގެން މިއަދާ ހަމައަށްވެސް އެކަން އޮންނަނީ އެހެންނެވެ. ޝާހިޤު ސިޓިން ރޫމާ އަރާހަމަވިއިރު އަލިމަނިކާ ޝާމިން އިނެވެ. ޝާހިޤު އިށިންނަން އުޅެނިކޮށް ޝާދިން އާއި ޝާރިޤު ނުކުތްތަން ފެނުމުން ނުއިށީނދެ ތެދުވީއެވެ. ގެއިން އެންމެން އެއްކޮށް ނުކުމެގެން ދިޔަތަން ބަލަން ނާދިއާ އާއި ޒޯޔާ ތިއްބެވެ.

ނާދިއާ ބަދިގެ ތެރޭ އަލިމަނިކާ ކުދިން ހުކުރުން ފައިބައިގެން އަންނަން ވާއިރަށް ކާން ތައްޔާރުކުރެވޭތޯ އުޅެއެވެ. މަލާކް އުޅެނީ ކުޑަކުޑަ ރަޔާން ހުންއައިސްގެން ކޮޓަރިން ނުނުކުމެވިގެންނެވެ. އެހެންވެ ޒޯޔާ ނާދިއާއަށް ކުދި ކުދި ކަންތައްތައް ކޮއްލަދޭން އުޅެއެވެ.

ޒޯޔާ މަލާކްގެ ކޮޓަރިއަށް ވަތްއިރު މަލާކް އެނދުގައި ރަޔާން ކައިރިކޮއްލައިގެން އޮށޯވެލައިގެން އޮތެވެ. “ރަޔާން ކިހނެއްތަ މިހާރު؟” ޒޯޔާ އަހާލިއެވެ. “އެކަހަލަ ގޮތެއް، ބޭސް ދޭވަގުތު ހުންމަޑުވޭ، ގަޑިހަމަވުމުން އަނެއްކާވެސް ހުންގަޑުގަދަވޭ، ބޭރަށްވެސް ކިހިނެއް ނުކުންނާނީ، އެންމެވަގުތު ކޮޅަކަށްވެސް އެކަނި އޮވެނުލާ………..” މަލާކް ކަންބޮޑުވެފަހުރި ރާގަކަށް ބުނެލިއެވެ. އަލިމަނިކާ ކުދިން ހުކުރުން ފައިބައިގެން ގެއަށް އައިސް ވަތްއަޑުއިވުނެވެ. “އެއިވުނީ އެންމެން އައިއަޑު……….” ޒޯޔާ ތެދުވަމުން ބުނެލިއެވެ.

“މަންމާ، ވަރަށް ބަނޑުހައިވެއްޖެ…….” ޝާރިޤު ކާމެޒު ދޮށުގައި އިށިންނަމުން ބުނެލިއެވެ. ކާމޭޒު ދޮށުގައި އެންމެން އިށިތްއިރު ޝާދިން ނެތްކަން ނާދިއާއަށް ފާހަގަ ކުރެވުނެވެ. ” ކޮބާ ޝާދިން؟ ދަރިފުޅުމެންނާއެކު ނާދޭތަ” ނާދިއާއަށް އަހާލެވުނެވެ. “ތުއްތުބޭ ބުނީ ވަރަށް އަވަހަށް އަންނާނަމޯ، މުހިއްމު ކަމެއް ޖެހިގެންނޯ މިދަނީ…..” ޝާހިޤު ނާދިއާއަށް އޮޅުން ފިލުވައިދިނެވެ. ޒޯޔާ އެމީހުންގެ ކައިރީ އިށީދެލައިގެން އިނެވެ. ނާދިއާ ތަށިތައް ގާތްކޮށްދީ ހަދައެވެ. “ނާދިއާ އަހަރެން އެބަޖެހޭ ގުރައިދޫއަށް ގޮސްލަން………” އަލިމަނިކު ނާދިއާއަށް ބުނެލިއެވެ. “ފިހާރަކަންތަކާތަ” ނާދިއާ އަހާލިއެވެ. ” އާ އެކޮޅުން ޔޫސުބްބެ ބުނީ ފިހާރަހަދާފައިވާތަން އެބަޖެހޭޔޯ ކުޑަކޮށް މަރާމާތުކޮށްލަން، އެހެންވެ، މާގިނަދުވަހެއްނުވާނެ، ތިންވަރަކަށް ދުވަސް ވާނީ” އަލިމަނިކު ބުނެލިއެވެ. ނާދިއާ މައްސަލައެއްނެތޭ ބުނާފަދަ ގޮތަކަށް ބޯޖަހާލިއެވެ. “މަންމާ، ޒޯ މިހާރު ހީވަނީ ބޯޅަގަނޑެއްހެން ދޯ ފަލަވީމަ” ޝާހިޤު ޒޯޔާއާއި އެވަގުތުވެސް ބެހިލަން ބޭނުންވިއެވެ. “ދެން ނޫން…….” އެންމެން ޝާހިޤު ބުނިއެއްޗަކަށް ހޭންފެށިއެވެ. “އަޅެ މަންމާ އަޅުގަނޑު ފަލަތަ……..” ޒޯޔާ ދެރަވާކަމަށް ހަދާލާފަ ނާދިއާ ގާތު އަހާލިއެވެ. ” އަހާ……….މަގޭ ޒޯ އަށް ނުކިޔައްޗޭ އެކަކުވެސް އެއްވެސް އެއްޗެއް، އެކުއްޖާ ފަލައެއް ނޫނޭ” ނާދިއާ ޒޯޔާ ހިމާޔަތް ކުރުމަށް ބުނެލިއެވެ. ޒޯޔާއަށް ލިބުނު ކާމިޔާބިން ޝާހިޤަށް ވައްތަރު ޖައްސާލިއެވެ.

ކެއުމަށްފަހު ހުކުރުދުވަސް ކަމަށްވާތީ އެންމެވެސް ތިބީ ސިޓިން ރޫމުގައި ވާހަކަދައްކާލާ ހަދަންށެވެ. މަލާކްވެސް ރަޔާންއަށް ނިދިމުން އައިސް އެންމެންގެ ތެރޭއިނެވެ. ކުއްލިއަކަށް އެންމެންގެ ލޯތައް އަމާޒުވީ ދޮރާދިމާލަށެވެ. ޝާދިން ފޮއްޓެއް ހިފައިގެން އައިސް ވަންނަނީއެވެ. އޭނަގެ ފަހަތުގައި މިޝްކާ ހުއްޓެވެ. ނާދިއާ އަށް ތެދުވެވުނެވެ. “ދަރިފުޅު………ޝާދިން….” ނާދިއާއަށް ބުނާނެ އެއްޗެއް ނޭގުނެވެ. އުފާވެސް ވިއެވެ. އެއީ ނާދިއާ ދުވަހަކުވެސް އޭނަގެ ދަރިއެއްގެ ދިރިއުޅުން ހަލާކުވެގެން ދާ ދުވަހެއް ދެކޭކަށް ބޭނުންނުވާތީއެވެ.

“މަންމާ، އަހަރެން މިއައީ މިޝްކާ ގޮވައިގެން، އަހަރެން ކަންތައް މިކުރީ ރަގަޅަށްތަ؟” ޝާދިން ނާދިއާގެ ގާތަށް ގޮސް ހުއްޓެމުން އަހާލިއެވެ. “މަންމަ ވަރަށް އުފާވެއްޖެ، މިޝްކާ، އާދޭ ދަރިފުޅާ، އެންމެ ފުރަތަމަ މިގެއަށް އައިދުވަހު މަރުޚަބާ ކީފަދައިން މިއަދުވެސް މަންމަ ދަރިފުޅަށް މަރުޚަބާ ކިޔަން………” ނާދިއާ މިޝްކާއަށް އަތްދިއްކޮށްލަމުން ބުނެލިއެވެ. “މަންމާ، ޕްލީސް އަޅުގނޑަށް މާފުކުރޭ، ދެން އެފަދަ އެއްވެސް ކަމެއް ނުވާނެ، މިގެއިން ދިއުމުން މަންމަ މަތިން ވަރަށް ހަނދާންވި…….މިކަހަލަ ރަގަޅު އާއިލާއެއް ނުލިބޭނެ އަހަންނަކަށް……….” މިޝްކާ ނާދިއާގެ އަތުގައި ހިފަމުން ބުނެލިއެވެ. އޭނަގެ ލޯވަނީ ފެންކަޅިވެފައެވެ. “ބައްޕަވެސް ވަރަށް އުފާވެއްޖެ……..” އަލިމަނިކު ޝާދިންގެ ކޮނޑުގައި ޖަހާލަމުން ބުނެލިއެވެ. “މަންމާ، ބައްޕާ، އަދި އެބައޮތް އެއްވާހަކަ ބުނަން……” ޝާދިން މިޝްކާ ގެނެސް ކައިރިކޮށްލަމުން ބުނެލިއެވެ. “ސަޕްރައިޒް، ސަޕްރައިޒް……………ތުއްތުބޭ ދެން ބުނަންވީނު ލަސްނުކޮށް……….” ކެތްމަދުވެފަ އިން ޝާހިޤު ބުނެލިއެވެ. ” މިޝްކާ އިނީ ބަލިވެ………” ޝާދިން ބުނިއެއްޗަކުން ގޭއެންމެގެ އަނގަތަށް ހުޅުވިގެން ދިޔައެވެ. އެންމެން އެއްފަހަރާ ކަހަލަ ގޮތަކަށް ވާހަކަދައްކަން ފެށިއެވެ. ޒޯޔާ އައިގޮތަށް އައިސް މިޝްކާގެ ގައިގާ އޮޅުލައިގަތެވެ. “ވަރަށް މިސްވި މިޝްތަ މަތިން………” ޒޯޔާ ބުނެލިއެވެ. “މިޝްތަވެސް ވަރަށް މިސްވި ޒޯ، މިހާރު ކިހާ ދުވަހެއްތަ މިވަނީ” މިޝްކާ ޒޯޔާގެ ބަނޑުގައި އަތްލިއެވެ. ” ފަސްމަސް ވާންމިއުޅެނީ، ދެން ދުވަސް ކޮޅަކުން އިރާދަކުރެއްވިއްޔާ މިޝްތަވެސް ހުންނާނީ މިހެން……” ޒޯޔާ ހެމުން ހެމުން ބުނެލިއެވެ.

އިރުއޮއްސުނު ވަގުތު ގޭތެރެ ހަމަހިމޭންވެ އެންމެން އެމީހެއްގެ ކޮޓަރިއަށް ވަދެފިއެވެ. ޒޯޔާވެސް ޝާހިޤު އާއެކު ކޮޓަރީގައި އިނެވެ. “ޝާހިޤު، ވާހަކައެއް އަހަންތަ؟” ޒޯޔާ އެނދުގެ ބެޓްޝީޓު ރަގަޅުކޮއްލަމުން އަހާލިއެވެ. ” އާ ބުނެބަލަ……..” ފޯނާ ކުޅެން އިން ޝާހިގު ބުނެލިއެވެ. “ކާކުތަ ލަންކާ ނަންބަރަކުން އެގުޅަނީ………” ޒޯޔާގެ އެސުވާލުން ޝާހިޤު ދިޔައީ ސިހިގެންނެވެ. “ކިހިނެއްވީ ޒޯ ތިހެން ތިއެހީ……..” ޝާހިޤު ޒޯޔާއަށް ކިޔާދޭކަށް ބޭނުމެއް ނުވިއެވެ. “އަބަދު އެނަންބަރުން މެސެޖު ކުރާތީ………އަނެއްކާ އެމީހަކު ޝާހިޤަށް ކިޔަނީ ޝެގީ……” ޒޯޔާ އޭނައަށް ހީވިގޮތް ބުނެލިއެވެ. އެކަމަކު ޝާހިޤު ބުނަމުން ދިޔައީ އެއީ ކާކުކަމެއް ނޭގޭ ކަމަށެވެ. އަދި އޭނައަށް ޝެގީ ކިޔާ ރައްޓެއްސެއް ނުހުންނާނެ ކަމުގައެވެ. ޒޯޔާ އިތުރު ސުވާލެއް ނުކުރެއެވެ. ޝާހިޤު ހިތްހަމަ ނުޖެހިދާނެތީއެވެ.

ޒޯޔާ ޝާހިޤަށް އަންނަ ގޮތްނޭގޭ މެސެޖުގެ ވާހަކަ ދެއްކިފަހުން ޝާހިޤުގެ ފޯނަށް މެސެޖެއް ނާދެއެވެ. އޭނަގެ އުޅުން ހުރީ ކުރިއެކޭވެސް އެއްގޮތަށެވެ. ޒޯޔާ އަށް އަޅާލާ އޭނަގެ ހިތްހަމަޖައްސައި ދެއެވެ. އެކަހަލަ ފިރިއެއް ލިބޭނީ ނަސީބުވެރިއަކަށޭ ޒޯޔާ ހިތައް އަރައެވެ. ޒޯޔާ އެއްމެ ފުރަތަމަ ލޯބިވި މީހާއާ އެކީ ދިރިއުޅުން ފަށަން ލިބުމުން ޒޯޔާ ވަރުގެ ނަސީބުވެރިއެއް ހުންނާނެ ބާއޭ ޒޯޔާގެ އަމިއްލަ ހިތައް އަރައެވެ. އޭނައަށް ލޯތްބަކީ ކޮންއެއްޗެއްކަން ދަސްކޮށްދިނީ ޝާހިޤުއެވެ. އޭނަގެ ހަށިގަނޑުގައި ފުރަތަމަ ފަހަރަށް ބީހިލި ފިރިހެނަކީވެސް ޝާހިޤުއެވެ. ވީއިރު އޭނަޔާ ނުލާ، އޭނަގެ ލޯތްބާ ނުލާ ޒޯޔާއަށް އުޅެވިދާނެބާއެވެ.

މިއަދަކީ ރާއްޖޭން ބޭރުގައި ކިޔަވަންހުރި ނައުރީން މާލެ އައިދުވަހެވެ. އެއަރޕޯޓަށް ފޭބުމާއެކީ ފޯނު އޮންކޮއްލިއެވެ. އަދި ސްޕީޑް ޑައިލް އެކަކަށް ފިއްތާލިއެވެ. ފޯނު ރިންގުވާ އަޑުއިވެއެވެ. އެކަމަކު ފޯނެއް ނުނަގައެވެ. ނައުރީން ހިތްހަމަ ނުޖެހުނެވެ. ފޯނަށް ބަލާލަމުން ތުންތަޅުވާލިއެވެ. އެރައިވަލް އިން ނުކުތް ނައުރީންއަށް އޭނަގެ ނަންޖަހާފައިވާ ގަނޑެއް ހިފައިގެން ހުރިމީހެއް ފެނުނެވެ. އެއީ ދެބައިއުމުރުގެ ފިރިހެނެކެވެ. ނައުރީން އޭނަގެ ކައިރިއަށް ހިނގައިގަތެވެ. “މީ ނައުރީން……..” އެމީހާއަށް ނައުރީން ބުނެލިއެވެ. “އަހަރެން މީ ސަކީނާގެ ފިރިމީހާ ޖައުފަރު………ގެނޭ ފޮށި” ޖައުފަރު ނައުރީންގެ ފޮށީގައި ހިފިއެވެ. ސަކީނާ އަކީ ނައުރީންމެންގެ ޢާއިލާ ރާޢްޖޭން ބޭރަށް ބަދަލުވީއްސުރެ އެމީހުންގެ ގެ ބަލަހައްޓައިދޭ މީހާއެވެ. ނައުރީން މާލެ އަންނަ ވާހަކަ ނައުރީންގެ މަންމަ ސަކިނާއަށް ވަނީ އަންގާފައެވެ.

އެއަރޕޯޓުން ފެރިއަށް އަރަން ފަރިހިނގުމެއްގައި އައި ނައުރީނަށް ނުބަލާ މީހަކު އެތާ ނެތެވެ. އޭނަ ފެނުމުން ހީވަނީ ހުޅަނގުގެ ފިހާރަތަކުގައި ބަހައްޓާފައި ހުންނަ ކަހަލަގެ ބުދެއްހެންނެވެ. ޒަމާނަށް ފެތޭގޮތަށް ބުޅިކޮއްލެވިފައިވާ އިސްތަށިގަޑެވެ. ރީތި ކުލައަކުން އޮފުއަރުވާލާފައިވާ ތުންފަތެވެ. ލޮލުގައި އަޅާލައިފައިވާ ގޫޗީ ލޯބޮޑު އައިނެވެ. އިރުއިރުކޮޅާ ލާފައިހުރި ކުރު ސްކާޓަށް ދަމާލައެވެ. އެދޮންހަށިގަނޑުގެ ބޮޑުބައެއް އޮތީ ފެންނަންށެވެ. ނައުރީން ގޮވައިގެން ފެރީގައި ޖައުފަރު އިންއިރު މީހުންގެ ތޫނު ނަޒަރުތަކުން ޖައުފަރުވެސް ލަދުގަތެވެ. މީހަމަ މައިންބަފައިން ލައްވާ ހެދުންބާއޭ ޖައުފަރުގެ ހިތައްއެރިއެވެ.

ގެއަށް ވަދެވުމާއެކު ނައުރީން އޭނަގެ ކޮޓަރިއަށް މިސްރާބު ޖެހިއެވެ. ސަކީނާއަށް ނައުރީން ފެނުމުން ހުރީ ބަސް ހުއްޓި އަންތަރީސްވެއެވެ. އޭނައަށް ބަލާލެވުނީ ޖައުފަރަށެވެ. ސަކީނާ ނައުރީންގެ ފަހަތުން އޭނަގެ ކޮޓަރިއަށް ދިޔައެވެ. “އިތުރު ކަމެއް ބޭނުންތަ………” ކޮޓަރިއަށް ބަލަހައްޓައިގެން ހުރި ނައުރީން ގާތު ސަކީނާ އަހާލިއެވެ. “ނޫން. ދެން ދޭ. އަހަރެން މިރޭ ކާނީ ބޭރުން” ނައުރީންގެ ވާހަކަ ދެއްކުންވެސް ހުރީ އަމުރުވެރި ގޮތަކަށެވެ. ސަކީނާ އެކަމާ ހިތްހަމަ ނުޖެހުނުކަމުގައި ވިޔަސް އެއްވެސް އެއްޗެއް ނުބުނެއެވެ.

ސަކީނާ އެގެއަށް އަންނަނީ ހަމައެކަނި ގޭތެރެ ފޮޅާ ސާފުކޮށްލާށެވެ. އޭނަ ދިރިއުޅެނީ އޭނަގެ ފިރިމީހާ އާއި ދަރިންނާއެކު އެހެންގެއެއްގައެވެ. އެކަމަކު ނައުރީން އައުމާއެކު އޭނައަށް ކައްކަންވެސް ވަނީ ޖެހިފައެވެ. އެކަމަށް ސަކީނާ ވަކި އަގެއް ކަނޑަނޭޅި ކަމުގައިވިއަސް ނައުރީންގެ މަންމަ ކޮންމެ މަހަކު ގެބެލެހެއްޓުމަށް ފައިސާ ފޮނުވައެވެ. އޭގެން ބޭނުން ކުރުމަށްފަހު ބާކީވާހާ ފައިސާ ސަކީނާގެ އަތުގައި ހުރެއެވެ. އަދި ނައުރީންއަށް ކައްކާހަދައިދިނުމަށް އެޑްވާންސްކޮށް ފައިސާ ފޮނުވިއެވެ. އެހެންވެ ކެއްކުންވެސް ބުރަކަމަށް ނުވިއެވެ. ނައުރީން ބޭރަށް ދާވާހަކަށް ބުނުމުން ސަކީނާވެސް ދިޔައީ ޖައުފަރާއެކު ގެއަށެވެ.

ނައުރީން އޭނަގެ އަތްދަބަހުގައި އޮތް ކުޑަފޮތެއް ހުޅުވާލިއެވެ. އަދި އޭގެން ނަންބަރެއް ހޯދުމަށްފަހު ފޯނުން ގުޅާލިއެވެ. “ހެލޯ………ސައިޕްރައިޒް………..” ނައުރީން ބުނެލިއެވެ. “އޭ ނައު………ކޮންއިރަކު މާލެ އައީ……..އަޅެ ނުވެސް ބުނަމެންނު” ޖުމާ ބުނެލިއެވެ. “ބޭނުންވީ އެންމެންނަށް ސަޕްރައިޒެއް ދޭން، ހޭ ޖުމް ޕްލީސް ކަމް” ނައުރީން ޖުމާ އެގެއަށް ގެންނަން ބޭނުންވިއެވެ. ޖުމާއަކީ ނައުރީންނާއެކު އެއްކޮށް ކިޔަވަން އުޅުނު ކުއްޖެކެވެ. އޭރުއްސުރެ މިއަދާ ހަމައަށްވެސް އެދެމީހުންގެ އެކުވެރިކަން އޮވެއެވެ. ޖުމާވެސް ހުރީ އެހާދުވަސްކޮށްފައި ނައުރީންނާއި ބައްދަލުވެލަން ބޭނުންވެފައެވެ. އެހެންވެ އަވަހަށް ދާން އެއްބަސްވިއެވެ.

ޖުމާ ފެނުމުން ނައުރީން އުފަލުންގޮސް ޖުމާގެ ގައިގާ ބައްދާލިއެވެ. އޭނަގެ ދުވަސްވީ ރަޙްމަތްތެރިޔާގެ ހާލުއޮޅުން ފިލުވިއެވެ. “އައި މިސް ޔޫ ސޯމަޗް……..ސޯމެނީ ތިންގްސް ހެޕެން……..” ނައުރީން ވާހަކަ ދައްކަމުން ދިޔައީ އިނގިރޭސި ބަހުންނެވެ. އޭނަ ޖުމާއަށް ކިޔާދެން ބޭނުންވާ ވަރަށް ގިނަ ވާހަކަތައް ހުރިކަމުގައި ބުންޏެވެ. އަދި ނައުރީން އެއްޗެހި އަޅައިގެން ގެނައި ފޮށި ހުރީހުޅުވާފައެވެ. އޭގެން ނައުރީން ޖުމާއަށް ގެނެސްދިން ހަދިޔާތައް ނެގިއެވެ. “ރީތިތައް……..” ނައުރީން ޖުމާއަށް ދައްކާލީ ޓޮޕެކެވެ. “އާ ވަރަށް ސަޅި” ޖުމާ ގައިގާ ޖައްސާލަމުން ބުނެލިއެވެ. ފޮށިން ބޮޑުޗޮކުލެޓެއް ނަގާ ޖުމާއަށް ދިއްކޮލިއެވެ. “މިވެސް ޖުމްއަށް……..” ނައުރީން ބުނެލިއެވެ. “ހާދަ ބައިވަރެއް…………” ޖުމާ ނައުރީން އޭނަގެ އަތަށް ދެމުންދާ އެއްޗެހި ގިނަވެގެން ބުނެލިއެވެ. ޖުމާގެ ލޮލުގައި އަޅައިގަތީ ވަރަށް ރީތިކޮށް ޕާރުސަލް ކުރެވިފައިވާ ފޮއްޓެކެވެ. ޖުމާ އެނެގުމުން ނައުރީން ވަގުތުން އަތުލިއެވެ. “ތީކާކަށް ވީ ޕްރެޒެންޓެއްތަ………” ޖުމާ ނައުރީންނާ ސުވާލުކޮއްލިއެވެ. “އެއީ ވަރަށް ޙާއްސަ މީހަކަށް ގެނައި އެއްޗެއް…….” ނައުރީން އެޕާރުސަލަށް ބަލާލަމުން ބުނެލިއެވެ. “ޖުމްގެ ލައިފްގެ ވާހަކަ ކިޔާދީބަލަ……ކުރިން ބުނީމެންނު ޔޫ ބިޓެއް ނަގައިގެން އުޅޭ ވާހަކަ” ނައުރީން ޖުމާ އިތުރު ސުވާލެއް ނުކުރަނިސް އަހާލިއެވެ. “މައި ލައިފް ދޯ…..އަހަރެން ވަރަށް އަވަހަށް މެރީކުރަން މިއުޅެނީ……މަންމަ މެންވެސް ގަބޫލުވެއްޖެ…….” ޖުމާ ބުނެލިއެވެ. “އެންމެ ފަހުން ޗެޓުކުރިއިރު ބުނި ކުއްޖާއާތަ މެރީ ތިކުރަނީ…..” ނައުރީން ޔަގީންކޮށްލިއެވެ. “އާ އޭނަޔާ” ޖުމާ ބުނެލިއެވެ. “ނައު ތިއައީ ހާދަ އަވަހަކާއޭ، އަނެއްކާ އެއްކޮށް ކިޔަވާ ނިމިގެންތަތިއައީ؟” ޖުމާ އަހާލިއެވެ. ނައުރީން މާމަޑުމަޑުން އިނުމުން އަނެއްކާވެސް ޖުމާގެ ސުވާލު ތަކުރާރު ކޮއްލިއެވެ. “ނޫން އަދި ނުނިމޭ، އަދި އެބައޮތް ބާކީ ހަމަސް، މަންމަވެސް އެހާ ހިތްހަމައެއް ނުޖެހޭ އެކަމަކު އަހަރެން ބޭނުންވި ގޮތްވީމާ މަންމަ އަހަރެން މާލެ އަންނަން ހުއްދަދިނީ………..އަހަރެން އެބައޮތް ޖުމް ކައިރީ ވާހަކައެއް ބުނަން…..” ނައުރީން ޖުމާއަށް ބަލާލަމުން ބުނެލިއެވެ. “އަނެއްކާ ކޮންވާހަކައެއް؟” ޖުމާ ޝައުގުވެރިކަން ފާޅުކުރިއެވެ. ” އައި މެޓް ސަމްވަން………ވަރަށް ސަޅި، އެކަމަކު…………” ނައުރީން ބުނަންއުޅުނު ޖުމްލަ ހުއްޓާލުމުން ޖުމާ ކިހިނެއްވީތޯ އަހާލިއެވެ. “ޖުމް، އެއްގޮތަކުން ވަރަށް ސަކަރާތް، އޭނަ އުޅެނީ މެރީ ކޮށްގެން، އެކަމަކު އޭނަ އުޅޭ ގޮތުން އަހަރެންދެކެ ލައިކްވާކަން އެނގޭ، ޖުމް، އަހަންނަށް އޭނަދެކެ ލޯބިވެވުނީ، އަހަރެން އޭނަ ބޭނުން، އަހަރެން އެހާވަރުން މާލެ މިއައީވެސް އޭނައަށްޓަކާ، މިހާރު ދެމަސްވީ އޭނަގެ ހަބަރެއް ނުވާތާ، ގުޅިއަސް ފޯނެއްވެސް ނުނަގާ……” ނައުރީންގެ އަޑުން އޭނަ ހަގީގަތުގައިވެސް އެމީހަކު ބޭނުންވެފަ ހުރި ވަރު ޖުމާއަށް އެނގުނެވެ. “އެކަމަކު ނައު، ތިބުނީ އޭނައުޅެނީ މީހަކާވެސް އިނދެގެންނޭ، ދެން ކިހިނެތް” ޖުމާ އޭނަގެ ހިތުގައި އުފެދުނު ސުވާލު ހާމަކުރިއެވެ. “އަހަންނަކަށް ނޭގެ ކިހިނެތްކަމެއް، ކޮންމެ ގޮތެއް ވިޔަސް އަހަރެން އޭނަ ބޭނުން، އޭނައާ އެއްފަހަރު މީޓުކޮއްލެވުނަސް އަހަންނަށް އެނގޭ އޭނަ އަހަރެން ބޭނުންވާނެކަން……..” ނައުރީން ވަރަށް ޔަގީންކަމާއެކު ބުނެލިއެވެ. “ނައު އޭރުން އޭނަގެ އަންހެނުންނަށް ކިހިނެތްވާނީ” ޖުމާ އޭނަގެ ރަޚްމަތްތެރިއާ ކުރަންއުޅޭކަންތަކުގެ ސަބަބުން ކަންބޮޑުވިއެވެ. “ޖުމް ކީއްވެތަ ތިހާ ކަންބޮޑުވަނީ، ފިރިހެނުންނަށް ހަތަރެއްވެސް ހުއްދައެއްނު” ނައުރީން ހިނިތުންވެލިއެވެ. “ދެން ބުނެބަލަ ކިހިނެތްތައް ތިމީހަކާ ދިމާވީ އަދި ނަމެއްވެސް ނުބުނަމެންނު؟” ޖުމާ ނައުރީން އެހާ ބޭނުންވެގެން އެއުޅެނީ ކާކުކަން އޮޅުންފިލުވަން ބޭނުންވިއެވެ. “އަހަރުމެން ދިމާވީ އެކޮޅުން، މާވިއްކާ ފިހާރައަކުން، އެދުވަސް މަތިން އަހެރެން ހަނދާނެތް ނުނެތޭ…….” ނައުރީންގެ ފޯނު ރިންގުވާންފެށިއެވެ. “އެގުޅީ އޭނަ……..އޭނައަކަށް ނޭގޭނެ އަހަރެން މާލެ އައިކަމެއް………” ނައުރިން ފޯނަށް ބަލާލާފަ ޖުމާއަށް އޮޅުންފިލުވައިދިނެވެ.

ނައުރީން ފޯނުނަގާ ހެލޯއޭ ބުނެލިއެވެ. “ނޭގުނުތަ…….އަދިވެސް ނޭގުނު” ނައުރީން ވާހަކަދައްކަމުން ކޮޓަރީގެ ބެލްކަންޏަށް ނުކުތެވެ. “މީ ނައުރީންނޭ، ކީއްވެތަ މިފަހަކަށް އައިސް ފޯނު ނުނަގަނީ، އޮންލައިނެތްވެސް ނުވަމެންނު………….އެހެންތަ…………އަހަރެން މިހިރީ މާލޭގައޭ……………. އައި ވުޑް ލައިކްޓު މީޓް ޔޫ…………ދެން ބިޒީވިއަސް އަހަންނާ މީޓުކޮށްލެވިދާނެއެންނު………ޕްލީސް…….ޕްލީސް……….ޔެސް، ތެންކިޔޫ………އޯކޭ…..މައްސަލައެއްނެތް، ޓުމޯރޯ ނައިޓް……….އޯކޭ…………….ބާއި، ސީ ޔޫ ޑިއަރ” ޖުމާއަށް އަޑުއިވެމުން ދިޔައީ ނައުރީން ފޯނުން ދައްކާވާހަކަ ތަކެވެ. ޔަގީނުންވެސް އޭނަ އެމީހަކާ މާދަމާ ރޭ ބައްދަލު ކުރުމަށް ނިންމިކަން އެނގުނެވެ.

“އޯ ޖުމް، އައިކާންޓް ބިލީވްއިޓް” ނައުރީން އުފަލުން ހުރިވަރުން ބުނެލެވުނެވެ. “އޭނަ ކީކޭތަ ބުނީ” ޖުމާ އަހާލިއެވެ. އޭނައަށް އެންމެ ފުރަތަމަ ނޭގުނު ދެން އެނގުނީމަ ބުނީ ކިހިނެއްހޯ މިނަންބަރުން ތިގުޅަނީ، އަހަރެން މާލޭގައޭ ބުނީމަ އޭނަ ވަރަށް ސަޕްރައިޒްވި، އެކަމަކު އޭނަ ބިޒީއޯ ބުނީ، އަހަރެން ކުޑަކޮށް އާދޭސްކޮށްލީމަ ބުނީ މާދަމާ ރޭ މީޓު ކުރާނަމޯ، އޯ ޖުމާ އަހަރެން ވަރަށް ހެޕީ ވެއްޖެ، އޭނަ ބުނީ މާދަން ގުޅާނަމޯ………” ނައުރީން ފޯނުނަގާ މޭގާ ޖައްސާލިއެވެ. “ނައު އެއްވެސް އެއްޗެއް ކައިފިންތަ؟” ޖުމާ އަހާލިއެވެ. “ނޫން އަދި މިއުޅެނީ ހަމައައި ގޮތަށް” ނައުރީން ބުނެލިއެވެ. “އެހެންވީރު މިރޭ ނައު ކާން ވާނީ އަހަރުމެންގެ ގެއިން، މަންމަ ވަރަށް އުފާވާނެ ނައުއާ ދިމާވީމަ، އެހެން އުޅެލާފަ މަންމަ އަހައޭ ކޮންއިރަކުންހޭ ނައު ކިޔަވާ ނިންމާފަ އަންނަނީ” ޖުމާ ނައުރީން އެގެއަށް ގެންދަން ބޭނުންވިއެވެ. ނައުރީންވެސް އެކަމާ ދެކޮޅެއް ނަހަދައެވެ.

“ކާކުތަ ގުޅީ” ތާޒާ ވެލައިގެން ނުކުތް ޒޯޔާ އަހާލިއެވެ. “ރައްޓެއްސެއް” ޝާހިޤު ޒޯޔާއަށް ބަލާލަމުން ބުނެލިއެވެ. “މިއޮތް ފިނީގަ ޒޯ ފެންވެރީތަ……….ތިހެން އުޅެނިކޮށް ބަލިވެދާނެ އެންނު” ޒޯޔާ އެއްޗެއް ބުނަން އުޅުނުހެން ހީވުމުން ޝާހިޤު ބުނެލިއެވެ. ޒޯޔާ ލޯގަނޑު ކުރިމަތީ ފުނާ އަޅަންހުއްޓެވެ. މީހުންބުނަނީ ތެދެކެވެ. ބަލިވެ އިނުމުގެ ސަބަބުން ޒޯޔާގެ އިސްތަށިގަނޑުވެސް ވަރުގަދަވެ އިސްތަށިގަނޑުގެ ފަންކަމާ ވިދުންވަނީ އިތުރުވެފައެވެ. އަދި އިސްތަށިގަނޑު ދިގުވާލެއްވެސް އަވަސްކަން ޒޯޔާއަށް ފާހަގަ ކުރެވެއެވެ. ކުއްލިއަކަށް ޒޯޔާއަށް އޭނަގެ ބަނޑުގައި ހިއްފަހައްޓާލެވުނެވެ. އެނދުގައި އޮތް ޝާހިޤަށް ޒޯޔާގެ ކައިރިއަށް އާދެވުނުގޮތްވެސް ނޭގުނެވެ. “ޒޯ، ލޯބީ ކިނހިނެތްތަ ވީ” ޝާހިޤު އަވަހަށް ޒޯޔާ ގާތު އަހާލެވުނެވެ. ޒޯޔާ ޝާހިޤުގެ އަތްގެނެސް ބަނޑުގައި ޖައްސާލިއެވެ. ކިހިނެތްކަން މިވަނީ ނޭގޭ ހާލުގައި އިން ޝާހިޤު ކުއްލިއަކަށް ސިއްސައިގެން ދިޔައެވެ. އަދި ހޭންފެށިއެވެ. ޒޯޔާގެ ބަނޑުގައިވާ ކުދިން ތޮޅެލީއެވެ. ޝާހިޤަށް ބުނާނެއެއްޗެއް ނޭގުނެވެ. އޭނަ ޒޯޔާއަށް ބަލާލީ ލޯބިން ފުރިގެންވާފަދަ ނަޒަރަކުންނެވެ.

މީޓިންގ ނިންމާލާފަ ނުކުތް ޝާހިޤު ފޯނުބަލާލިއެވެ. އެއީ އޭނަ މީޓިންގ އަށް ވަންނަމުން ވަނީ ފޯނު ސައިލެންޓަށް ލާފައެވެ. ފޯނު ބަލާލިއިރު މިސްވެފަ ހުރިކޯލުތަކުގެ އަދަދު ފެނިފައި ޝާހިޤު ދިޔައީ ސިއްސައިގެންނެވެ. އޭނައަށް ދެގަޑިއިރުތެރޭ ހަތްދިހަދެ މިސްކޯލު ލިބިފައިވުމުންނެވެ. އޭނަގެ ހަޔާތުގަވެސް މިވަރަށް މިސްކޯލެއް އަދި ނުލިބެއެވެ. އަވަހަށް ފޯނު ބަލާލީ ޒޯޔާގެ އެމަރޖެންސީ ކޯލަކަށް ވެދާނެކަމަށް ހީކޮށެވެ. އެކަމަކު ޒޯޔާ ގުޅާފައިވަނީ އެއްފަހަރުއެވެ. ކޯލު މިސްވީމަ އިނީ މެސެޖެއްކޮށްފައެވެ. އެއީ މިރެއަކީ ޒޯޔާ ޑޮކްޓަރަށް ދައްކަން ދާންޖެހޭ ރެއަށް ވާތީ އެކަން ހަނދާންކޮށްދިނުމުގެ ގޮތުންނެވެ. ދެން މިސްވެފަ ހުރި ކޯލްތަކަކީ ކާކުގެ ނަންބަރަކުން އައިސްފައިވާ ކޯލްތަކެއްކަން ޝާހިޤަށް ވަގުތުން އެނގުނެވެ.

ޝާހިޤު އޭނަގެ ކެބިންއަށް ވަދެ ހަމަޖެހިލިއެވެ. އަދި ދެހިޔާލެއްގައި ފޯނަށް ބަލަހައްޓައިގެން އިނެވެ. ގުޅާނީ ކަމެއް ނުގުޅާނީކަމެއް ނޭގިފައެވެ. އެންމެފަހުން ގުޅާލުމަކުން އެއްވެސް ގެއްލުމެއްނެތޭ ޝާހިޤުގެ ހިތަށް އެރިއެވެ. އެހެންވެ ގުޅާލިއެވެ. އޭރު ރޭގަނޑު ހަތެއްޖެހީއެވެ. ޒޯޔާ ގޮވައިގެން ޑޮކްޓަރަށް ދާން ޖެހެނީ އަށްގަޑި ބައިކަން ހާއިރުކަމަށްވާތީ ވަގުތުވެސް އޮތުމާއެކުއެވެ.

“ހެލޯ” ޝާހިޤުގެ ކަންފަތުގައި އަންހެން ކުއްޖެއްގެ އަޑުޖެހުނެވެ. ޝާހިޤު ކާކުތޯ ޔަގީންކޮށްލުމަށް ނަން އަހާލިއެވެ. “ޝެގީ، މީ ނައު އޭ، މިހާރު ކޮންއިރެއް ގުޅާތާ” ނައުރީން ޝަކުވާކޮށްލިއެވެ. “ނައު ދޯ، އެގަޑީގަ އިނީ ވަރަށް މުހިއްމު މީޓިންއެއްގަ އެހެންވެ ފޯނު ނުނެގުނީ، އެކަމަކު ހާދަ ވަރަކަށޭ ތިއޮތީ ގުޅާލާފަ……” ޝާހިޤު އޭނަގެ ފޯނަށްއައި މިސްކޯލުތަކުގެ ވާހަކަ ބުނެލިއެވެ. “އަހަރެން ހީކުރީ ޝެގީ އަހަރެން މަތިން ހަނދާންނައްތާލީއޭ” ނައުރީން ނޫންގޮތަކަށް އަހާލިއެވެ. “ދެން ނައު، އެހެނެއް ނޫނޭ” ޝާހިޤުއަށް ނައުރީން ވިސްނާގޮތެއް ކަމަކު ނުދިޔައެވެ. “ދެން ޝެގީ އެހެންވީރު ނައު އާ ބައްދަލު ކުރަން އަންނަންވީނު….” ނައުރީން ބުނެފިއެއްޗެއް ދުލެއް ނުކުރާނެކަން ޝާހިޤަށް އެނގެއެވެ. އެންމެފަހުން ޝާހިޤު ނިންމީ ނައުރީން އާއި ބައްދަލު ކުރުމަށް އެގެއަށް ދިއުމަށެވެ.

އޮފީހުން ޝާހިޤު ނުކުތީ ނައުރީން އާއި ބައްދަލުކުރުމަށް އޭނަގެ ގެއަށް ދިއުމަށެވެ. އެގެއަށް ދިޔަމަގުމަތީ ޝާހިޤަށް ނޭގޭ އިޙްސާސްތަކެއް އޭނަގެ ހިތުގައި އުފެދެމުންދިޔައެވެ. އަދި ކަންތައް މިކުރެވެނީ ރަގަޅަށްތޯ އަމިއްލަނަފްސާ ސުވާލުކޮށްލެވުނެވެ. ޝާހިޤު ޒޯޔާއާއި ކައިވެނި ކުރިފަހުން ޒޯޔާ ނޫން އަންހެން ކުއްޖަކާ ބައްދަލު ކުރުމަށް ދާ މީ ފުރަތަމަ ފަހަރެވެ. އެކަމަކު ނައުރީންއާ ވާހަކަދައްކާ މީ ފުރަތަމަ ފަހަރެއް ނޫނެވެ. ނައުރީންނާ ޝާހިޤު އާއި ދެމެދު ވާހަކަދެކެވޭތާ މިހާރު ފަސްވަރަކަށް މަސްވެއްޖެއެވެ. ޒޯޔާ ބަލިވެ އިނުމުން ޝާހިޤުވަނީ ނައުރީންއާއި ވާހަކަދެއްކުން މަދުކޮއްލާފައެވެ. އަދި ޝާހިޤުގެ ކުދިންނަށް ބަލިވެއިން ޒޯޔާއަށް ވަގުތު ދޭންފަށާފައެވެ.

ޝާހިޤު ސައިކަލް ބަހައްޓާލާފަ ނައުރީން ބުނިގޭގެ ދޮރުމައްޗަށް ހުއްޓިލަމުން ގުޅާލިއެވެ. “ހެލޯ މިހިރީ ގޭގެ ދޮރުމަތީ……” ޝާހިޤު ބުނެލިއެވެ. “މައްޗަށް ބަލާލަބަލަ…….ނައު މިހިރީ ބެލްކަނީގަ……” ނައުރީން ހުރީ ޝާހިޤު އަންނާނެ ގަޑިއެއްގެ އިންތިޒާރުގައި ބެލްކަނީގައެވެ. އޭނަ ޝާހިޤަށް ހަތްވަނަ ބުރިއަށް އެރުމަށް ބުންޏެވެ. ނައުރީން ފޯނު ބޭއްވުމަށްފަހު ކޮޓަރިއަށް ނަޒަރު ހިންގާލިއެވެ. ހުރިހާ އެއްޗެއްވެސް ވަނީ ނައުރީން ބޭނުންވާ ގޮތަށް ބޭނުންވާތަނެއްގަ ބެހެއްޓިފައެވެ.

ދޮރުން އެތެރެއަށް ވަތް ޝާހިޤަށް ނައުރީން ފެނުމުން ހުރީ ހުއްޓުން އަރާފައެވެ. ބުނާނެއެއްޗެއް ނޭގިފައެވެ. މީގެ ކުރިން އިންޓަރނެޓް މެދުވެރިކޮށް ވާހަކަދެއްކި އިރު ޝާހިޤަށް ނައުރީން ދެއްކި ފޮޓޮޔާ އޭނަ މިހާރު ހުރިގޮތާ ތަފާތުކަމުންނެވެ. ނައުރީންއަކީ ބުރަސޫރަ ރީތި އަންހެން ކުއްޖެއްކަން މިއަދު ޝާހިޤަށް ފެނި އެނގިއްޖެއެވެ. “ކީއްވެ ތިހުންނަނީ، އާދޭ އެތެރެއަށް” ނައުރީން ޝާހިޤުގެ އަތުގައި ހިފާލަމުން އެތެރަށް އައުމަށް ބުނެލިއެވެ. ޝާހިޤަށް ސިހިފައި ނައުރީންގެ ފިނިފިނި އަތުތެރޭން އޭނަގެ އަތްދުރަށްލެވުނެވެ. އެކަމާ ނައުރީން މާބޮޑު ސަމާލުކަމެއް ނުދެއެވެ. ޝާހިޤު އޭނަގެ ވަށައިގެންވާ މާހައުލަށް ބަލާލިއެވެ. އެތާގައި ނައުރީން ނޫން އިތުރު މީހެއް ނޫޅޭކަން ޔަގީންވެއެވެ. ސިޓިން ރޫމަކާ އެއްކޮޓަރިއެވެ. ޝާހިޤުގެ ކައިރީ ނައުރީން އިށީނެވެ. “ދެން ބުނެބަލަ، ކިހިނެތްތަ ހާލު” ނައުރީން އަހާލިއެވެ. އޭނަގެ މޫނުމަތިން އުފާވެރިކަން ފެންނަން ހުއްޓެވެ. “އައެމް ގުޑް، ނައު ހާދަ ޗޭންޖޭ” ޝާހިޤު އަދިވެސް ބަލަންއިނީ ނައުރީންއަށެވެ. “އޭރު ނައު ޝާހިޤަށް ދެއްކީ އޭރު ހުރިގޮތް، އަސްލު ނައުގެ އިސްތަށިގަނޑު ފަންކޮށް ހުންނަނީ ހިތަށްއެރީ މިކޮޅަށް އަންނަމުން ބުޅިކޮށްލާނީއޭ، ކަމުނުދަނީތަ” ނައުރީން ޝާހިޤު ކައިރީ އަހާލިއެވެ. “ނޫން މިހާރުވެސް އޯކޭ ދޯ، ދެން………….ދެން ނައު އުޅެނީ އެކަނިތަ” ޝާހިޤު ގޭތެރެއަށް ބަލާލަމުން އަހާލިއެވެ. “އާ އަހަރެން އެކަނި އުޅެނީ، ސަކިންތަ އަންނާނެ ކޮންމެ ދުވަހަކު ކައްކާހަދާލަން، އަހަރެން ވަރަށް ފޫހިވާނެ މިކޮޅުގަ އުޅެންވީމަ، ރައްޓެހިންނެއްވެސް ނުތިބޭނެ ވިއްޔަ، ޝާހިޤު އަންނާނަންތަ އަހަންނާ ވާހަކަ ދައްކާ ހަދާލަން” ނައުރީން ބޭނުންވަނީ ޝާހިޤު އޭނަގެ ކައިރިއަށް ކޮންމެ ދުވަހަކުވެސް އައުމަށެވެ. “ބަލާނަން އާދެވޭތޯ……….” ޝާހިޤު ނޫނެކޭ ބުނާކަށް ބޭނުމެއް ނުވިއެވެ.

ނައުރީން ތެދުވެގެން ކޮޓަރިއަށް ވަންނަން ހިނގައިގަތެވެ. އޭނަ ޝާހިޤަށް ދިނުމަށްޓަކާ ގެނައި ހަދިޔާ އަލަމާރިން ނެގިއެވެ. އަދި އޭތި ހިފައިގެން ޝާހިޤުގެ ކައިރިއަށް ގޮސް އިށީނެވެ. ނައުރީން ޝާހިޤުއާ މާގާތުގަ އިށީނުމުން ޝާހިޤަށް ކުޑަކޮށް އުނދަގޫވާގޮތް ވިއެވެ. އޭނަގެ ކައިވެނީގެ ފަހުން މިގޮތަށް އަންހެން ކުދިންނާ ކައިރިވެއެއް ނޫޅެއެވެ. އެހެންވެ ނައުރީން މާގާތުގަ އިނުމުން ހިތްއަވަސްވަނީއެވެ. ނައުރީން އޭނަގެ އަތުގައިވާ ޕާރުސަލް ނަގާ ޝާހިޤަށް ދިއްކޮށްލިއެވެ. ޝާހިޤު ކައިރިން އޭތި ކެނޑުމަށް ނައުރީން އެދުނެވެ. ޝާހިޤު ހަދިޔާ ދޭއެއްޗެއް ނޫނޭ ބުނެފަވެސް އެޕާރުސަލް ކެނޑިއެވެ. އޭގައިވަނީ ރަންކުލައިގެ ރޮލެކްސް ގަޑިއެކެވެ. ނައުރީން އެގަޑި ޝާހިޤުގެ އަތުން އަތުލުމުށްފަހު ޝާހިޤުގެ ވައަތްނަގާ އޭނަގެ މެޔާ ކައިރިކޮއްލިއެވެ. ޝާހިޤުއިނީ ބުނާނެ އެއްޗެއް ނޭގިފައެވެ. ނައުރީން ޝާހިޤުގެ އަތުގައި އޮތްގަޑި ނެގުމަށްފަހު އޭނަ ގެނެސްދިން ގަޑިއެޅުވިއެވެ. އަދި ގަޑީގެ މޮޅުވާހަކަ ދެއްކިއެވެ. ނައުރީންގެ ވާހަކައިން އެގަޑީގައި އަށާރަ ކެރެޓުގެ ރަން އެކުލެވިގެން ވާކަންވަސް އެނގުނެވެ. އެފަދަ އަގުބޮޑު ހަދިޔާއެއް ނައުރީންގެ ފަރާތުން ޝާހިޤަށް ގަބޫލު ކުރުމަށް ދަތިވިއެވެ. އެކަމަކު ނައުރީންގެ ވާހަކަތަކުން އެގަޑި އޭނަ އަނބުރާ ދީފި ކަމުގައި ވާނަމަ އޭނަ ވަރަށް ދެރަވާނެތީ އެހެން ހަދާކަށްވެސް ނުކެރުނެވެ.

ޝާހިޤު ސޯފާގައި އިށީނދެ އިންއިރު އޭނަ ދާހިއްލާ ފޯވަނީއެވެ. އޭނަގެ ހިތް ނޭގޭ ބާރުމިނެއްގައި ތެޅެމުން ދިޔައެވެ. އުނދަގޫ ވެގެން ކުޑަކޮށް ކަރުގައި އޮތް ޓައިއަށް ދަމާލިއެވެ. “ހޫނު ވަނީ ދޯ” ނައުރީންނަށް މިމަންޒަރު ފެނިގެން އަހާލިއެވެ. “ޓައި ބާލަންވީނު، ދައްކާ ނައު ބާލަދީފާނަން……….” ނައުރީން ޝާހިޤު ޓައިގާ އަތްލުމުން އޭނަ ނައްޓާދިނުމަށް އުޅެންފެށިއެވެ. ޝާހިޤުއަށް އޭރު ނައުރީން ޖަހާފައިވާ ސެންޓުގެ ވަސް ދުވައެވެ. އެހެނީ އެރީތި ކޯތާފަތް ހުރީ ޝާހިޤުގެ މޫނުގައި ޖެހޭ ނުޖެހޭ ހިސާބުގައެވެ. “ނައު………….” ޝާހިޤަށް ބުނެލެވުނެވެ. ނައުރީން މަޑުމަޑުން ޝާހިޤުގެ މޫނުގައި ދެއަތުން ހިފަހައްޓާލިއެވެ. ޝާހިޤަށް ނައުރީންގެ ޢަމަލުތައް ނުހުއްޓުވެނީ  ކީއްވެގެން ކަމެއް ނޭގުނެވެ. ނައުރީންގެ ހޫނު ނޭވާ ޝާހިޤުގެ ނޭފަތު ކުރިއަށްވެސް އިހްސާސް ވެއެވެ. އެފިރިހެންވަންތަ ކަމުން ފުރިގެންވާ ތުންފަތުގައި ނައުރީން ބޮސްދިނެވެ. އެކަމަށް މަރުހަބާ ކިޔުނީ ޝާހިޤު ހަމަހޭގަ ހުރެގެން ކަމެއް ނޭގުނެވެ. ޝާހިޤަށްވެސް ނައުރީންގެ އެދޮން އޮމާން ފައިގާ މަޑުމަޑުން އަތްބީއްސާލެވެމުން ދިޔައެވެ. ނައުރީން ޝާހިޤުގެ ޖީބުގައިވާ ފޯނުނަގާ ސޯފާގައި ބާއްވާލިއެވެ.

މުޅި ތަނަށް މަސްތުކުރުވަނިވި އާތްވެ ފެތުރެމުން ދިޔައެވެ. ނައުރީން މަޑުމަޑުން ސޯފާއިން ތެދުވަމުން ދިޔައިރު ޝާހިޤު ހީވަނީ އޭނައަށް އަޅުވެތިވެފައިވާ އަޅެއްހެންނެވެ. ނައުރީން ޝާހިޤުގެ އަތުގައި ހިފައިގެން ކޮޓަރިއަށް ވަނެވެ. ޝާހިޤު އެނދުގައި އިށީނުމުން އޭނަގެ ގަމީހުގެ ގޮއްތަކާ ނައުރީން ކުޅެލީ ކިހިނެތް ކަމެއްވެސް ހުދު ޝާހިޤަށްވެސް ނޭގުނެވެ. އޭނައަށް މިއާދެވުނީ ކޮންކަހަލަ ތަނަކަށް ހެއްޔެވެ. ނައުރީންގެ ބީހުންތައް އޭނައަށް އިހްސާސް ކުރެވެމުން ދިޔައެވެ. ޝާހިޤަށް ނައުރީން ގެނެސް އެއަތުތެރެއަށް ލެވުނު ގޮތެއްވެސް ނޭގުނެވެ.

މުޅި ރޭ ހޭދަވީ އެކަކުއަނެކަކު އުފާކޮށްދިނުމަގައެވެ. މިރެއަކީ ނައުރީންގެ ހަޔާތުގައި އައިއެންމެ އުފާވެރިރެއެވެ. ލޯބިވާ މީހަކާއެކު އެވަރުގެ އަރާމަކާ ލައްޒަތެއް ލިބުމަކީ ނަސީބުވެރިއަކަށް ލިބޭފަދަ ކަންތައްތަކެވެ. އެދެމެދުގައި ވަގުތު ހުއްޓިފައިވާފަދައެވެ. ވޭތުވެގެން ދާ ގަޑިއިރުތަކުގެ ހިޔާލެއް ފިކުރެއް ނެތެވެ. ޝާހިޤަށް ތަފާތު މަލެއްގެ ކަރުގަނޑުގެ ރަހަލިބިގަތް ހިނދު އޭނައަށް ތަފާތު އިހްސާސްއެއް ކުރެވިގެން ދިޔައެވެ. ހީވަނީ ކަރުހިއްކައި ގަނެފައިވާ މީހަކަށް ފެންފޮދެއް ލިބުނު ކަހަލައެވެ.

ޒޯޔާ ފެންފޮދެއް ބޯލުމަށްފަހު ފެންފުޅި އައިސްއަލަމާރިއަށް ލިޔެވެ. އަދި އޭނަގެ ފޯނު ހިފައިގެން ކާމޭޒު ކައިރީ މާޔޫސްކަމާއެކު އިށީދެލިއެވެ. އޭނަ އިނީ ޝާހިޤުއަށް ގުޅާ ގުޅާ ފޯނު ނުނަގައިގެންނެވެ. އަނެއްކޮޅުން ޑޮކްޓަރަށް އެކަނި ދައްކަން ދާންޖެހުމުން ހިތްހަމަ ނުޖެހިފައެވެ. ގޭތެރޭގައި އެވަގުތު އުޅެނީ ހުސް ފިރިހެނުން ކަމަށް ވީތީ ޒޯޔާ އެމީހުން ގާތު ބުނަން ބޭނުންނުވީއެވެ. ރޭގަނޑުގެ ކެއުން ޒޯޔާއަށް ކެވުނީ ތަންކޮޅެއް ލަހުންނެވެ. އެއީ އޭނަ ޑޮކްޓަރަށް ދައްކާފަ އާދެވުނީ ދިހައެއް ޖަހަނިކޮށެވެ. އޭރުވެސް  ޝާހިޤުގެ ހަބަރެއް ނުވެއެވެ.

ޒޯޔާ ކޮޓަރިއަށް ވަދެ ދޮރުލައްޕާލިއެވެ. ގޭ މީހުން ކައިރީ ޝާހިޤު އަދިވެސް ގެއަށް ނާންނަ ވާހަކަ ބުނަންވީ ބާއޭ ޒޯޔާ ހިތައްއެރިއެވެ. ޒޯޔާ ހާސްވެފަ ހުރިވަރުން ކޮޓަރިތެރޭ ދެކޮޅަށް ހިނގާލަ ހިނގާލަ ހުރެވުނެވެ. އެގޮތަށް އެކެއް ޖަހަންދެން ހުރެވުނުއިރުވެސް ޒޯޔާއަކަށް ނޭގުނެވެ. އޭނަ ފޯނު އަތަށް ލައިގެން ޝާހިޤަށް ގުޅޭތޯ މަސައްކަތް ކުރަނީއެވެ. އޭރު ޒޯޔާގެ ހިތައް އެކިއެކި ބިރުވެރި ހިޔާލްތައް ވަންނަމުން ދިޔައެވެ.

ނާދިއާ އެކޮޓަރި ދޮރުގައި ޓަކިޖަހާ އަޑުއިވިގެން ހުޅުވާލިއެވެ. “ދަރިފުޅު……..” ނާދިއާއަށް ލިބުނީ ހައިރާންކަމެކެވެ. “މަންމާ…….މަންމާ……..ޝާހިޤު ގެއަކަށް ނާދެއޭ އަދިވެސް” ޒޯޔާ ބުނިއެއްޗެއް ނާދިއާއަށް ގަބޫލެއް ނުކުރެވުނެވެ. އެކަމަކު އެދަންވަރު ޒޯޔާ އެފަދަ ސަކަރާތެއް ނުޖަހާނެކަންވެސް އެގެއެވެ. ނާދިއާ އަލިމަނިކަށް ގޮވިއެވެ. އަދި ޒޯޔާ ގޮވައިގެން ސިޓިން ރޫމުގައި އިށީނެވެ. އަލިމަނިކު ހުރިހާ ކުދިންނަށް ގޮވިއެވެ. “ކޮންއިރަކު ބޭރަށް ދިޔަގޮތަށްތަ ޝާހިޤު ނާންނަނީ…” ނާދިއާ އޮޅުންފިލުވިއެވެ. “ހަވީރު ފަސްގަޑި ބައިގަ އޮތް މީޓިންއަކަށް ދިޔަގޮތަށް ނާދެއޭ…..” ޒޯޔާ ބުނެލިއެވެ. “ދެން ދަރިފުޅު ހޮސްޕިޓަލަށް ދިޔައީ ކިހިނެތް؟” ނާދިއާގެ ހައިރާންކަން އިތުރުވިއެވެ. “އަޅުގަނޑު އެކަނި ދިޔައީ…….މަންމާ……..އަޅެ ޝާހިޤުއަށް ކަމެއްވީތަ” ޒޯޔާގެ ހާސްކަންވަނީ އިތުރެވެ. ގޭތެރޭ އެންމެން އެކަކު އަނެކަކާ ޝާހިޤު ދާނެތަނަކާ ދޭތެރޭ ވާހަކަދައްކަމުން ދިޔައެވެ. ހޮސްޕިޓަލް ތަކަށް ގުޅަންފެށިއެވެ. އެންމެންގެ ހާސްކަން ބަލަން ހުރި ޒޯޔާއަށް އޭނާގެ ދެލޮލަށް ޖަމާވަމުން ދާ ކަރުނަތައް ހިފެހެއްޓޭތޯ ވަރަށް މަސައްކަތް ކުރިއެވެ. އެކަމަކު އެކަންވީ ބޭކާރު ކަމަކަށެވެ. ޒޯޔާގެ ހިތައް ވަތް ބިރުވެރިކަމެއްގެ ބޮޑުކަމުން އޭނައަށް ރޮވެން ފެށިއެވެ. މަލާކް ޒޯޔާ ހަމައަކަށް އެޅުވޭތޯ އުޅެއެވެ.

“ބަލަ ބަލަ އަދި ރޯކަށްނުވެއެންނު، ދެން އަވަހަށް ހުއްޓާލާ…….ޝާހިޤު ކޮއްކޮއަށް އިރާދާ ކުރެއްވިއްޔާ އެއްވެސް ކަމެއް ނުވާނެ…..ޒޯ ދެން ހުއްޓާލާ އަވަހަށް………” މަލާކް ޒޯޔާގެ ކޯތާފަތަށް ފައިބަމުން ދިޔަ ކަރުނަތަށް ފޮހެދެމުން ބުނަމުން ދިޔައެވެ. ޒޯޔާ ކަރުނަތައް ހިފަހައްޓާލުމަށް މަސައްކަތްކުރަމުން ދިޔައެވެ. ޝާހިޤުގެ ހަބަރެއް އޭރުވެސް ނުވެއެވެ. މިޝްކާވެސް ޒޯޔާގެ ގާތުގައި އިށީދެލިއެވެ. އޭނަ އަށް ހިތްވަރެއް ދިނުމަށެވެ.

“ޝާހިޤުވެސް އަންގާލާފަ އެދިޔަތަނަކަށް ދިޔަނަމައެންނު……..” ނާދިއާ ކުޑަކޮށް ހިތްހަމަ ނުޖެހުން ފާޅުކުރިއެވެ. “މަންމާ އަޅުގަނޑު އަންނަންތައް ސައިކަލުގަ ބުރެއް ޖަހާލާފަ ޝާހިޤު ފެނޭތޯ” ޝާރިޤު ޓީޝާޓެއް އަވަސް އަވަހަށް ލަމުން ބުނެލިއެވެ. “އާ…..ދޭބަލަ، ޝާދިން ދަރިފުޅުވެސް ދޭބަލަ ޝާރިޤު ކޮއްކޮ އާއެކު” ނާދިއާވެސް ޝާރިޤުގެ ހިޔާލަށް ދާއިދުކުރިއެވެ.

ފަތިހު ހަތަރެއް ޖަހަން އުޅެނީއެވެ. އެންމެފަހުން ޝާހިޤުގެ ހަބަރެއް ނުވުމުން އެންމެންވެސް ނިންމީ ހެދުނުން ފުލުސްއޮފީހަށް އަންގާށެވެ. ހުރިހާ ކުދިން ނިދަން ކޮޓަރިތަކަށް ވަތްއިރު ނާދިއާ އިނީ ޒޯޔާ ކައިރީ އެކޮޓަރީގައެވެ. “ދަރިފުޅު، ޒޯ ދެން މަންމަ ބުނީތީވެސް ނިކަން ނިދޭތޯ ބަލާލަބަލަ، މަންމައަށް އެނގޭ ޒޯވެސް ތިހިރީ ވަރަށް ވަރުބަލިވެފަކަން، އިރާދަކުރެއްވިއްޔާ ޝާހިޤަށް އެއްވެސް ކަމެއް ނުވާނެ” ނާދިއާ ޒޯޔާ އެނދުގައި ބާއްވަން މަސައްކަތް ކުރިއެވެ.

ކުޑަދޮރުން ވަދެގެންއަންނަ ފަތިހުގެ ފިނި ފިނި ވައިރޯޅި އައިސް ޝާހިޤުގެ މޭގައި ބީހިލައެވެ. ދެފަހަރަކު މޭގައި އަތްހާކާލުމަށްފަހު ޝާހިޤަށް ފުއްމައިގެން ތެދުވެވުނެވެ. އޭނައަށް އޮވެވުނުތަން އިހްސާސްވީ އަދި ކިރިޔާއެވެ. އެންމެ ފުރަތަމަވެސް ބަލާލެވުނީ އަތުކުރީ އޮތްގަޑިއަށެވެ. އަތުގައިވަނީ އޭނަގެ ގަޑިއެއްނޫނެވެ. އެއީ ނައުރީން އަޅުވައިދިން ގަޑިއެވެ. ދެން ބަލާލެވުނީ ކައިރީގައި ނިދިފައި އޮތް ނައުރީންއަށެވެ. އަވަސް އަވަހަށް އެނދުން ފައިބަމުން ތަޅުންގަނޑު މަތީގައިވާ އަންނައުނު ތައް ނެގިއެވެ. ނައުރީން ނިދީގައި ފުރޮޅިލިއެވެ. އެވަގުތު އޭނަގެ އެރީތި ހަށިގަނޑުގެ ބޮޑުބައެއް ހާމަވެގެން ދިޔައެވެ. އެތަން ފެނުނު ޝާހިޤަށް ހިންދިރުވާލެވުނެވެ. އަދި މަޑުން މަޑުން ރަޖާގެނެސް އެހަށިގަނޑު ނިވާކޮށްލިއެވެ.

ކޮޓަރީގައި ހުރި ހެދުން އަޅުވާ ހަރުގަނޑުގައި އިން ތުވާލިނަގައިގެން ފާހާނާއަށް ވަދެލިއެވެ. މޫނު ދޮވެލުމަށްފަހު ލޯގަނޑުން މޫނު ބަލާލިއެވެ. އެމޫނުގައި ނިދީގެ އަސަރުވެއެވެ. “ޒޯ…….” ޝާހިޤު ޒޯޔާ މަތިން ހަދާންވީވެސް ދެނެވެ. ތުވާލި ހަރުގަނޑަށް އެއްލުމަށްފަހު ބޭރަށް ނުކުތުމަށް ހިގައިގަތެވެ. ނަމަވެސް އެކޮޓަރިން ނުކުތުމުގެ ކުރިން ޝާހިޤަށް އަދިއެއްފަހަރު ނައުރީންނަށް ބަލާލެވުނެވެ. ކީއްވެކަމެއް ނޭގެއެވެ. ބުނެދޭން ނޭގޭ އިހްސާސްތަކެއް މޭގައި އުފެދެނީއެވެ. އެދެމީހުންގެ މެދުގައި ވެގެން މިދިޔަ ކަންތައްތަކުގެ ސަބަބުން ޝާހިޤު އޭނަގެ ހިތައް އަރުވަންވީ ކީކޭކަމެއްވެސް ނޭގުނެވެ.

ސިޓިން ރޫމު ސޯފާގައި އޮތް ފޯނު ފެނުނެވެ. އެކަމަކު އޭނަގެ ކުރީގެ ގަޑިއެއް ނުފެނުނެވެ. އެހޯދަން އުޅެފިނަމަ ނައުރީން ހޭލަފާނެތީ ޝާހިޤު މަޑުމަޑުން ނުކުތެވެ. އެގެއިން ޝާހިޤު ނުކުތުމަށްފަހު ފޯނު ބަލާލިއެވެ. ޒޯޔާގެ އެތަކެއް ކޯލްތަކެއް ފެނުނެވެ. ހަމައެކަނި ޒޯޔާއެއްނޫނެވެ. ޝާހިޤުގެ ގޭމީހުންގެ އެކިނަންބަރުތަކުންވެސް ގުޅާފައިވާ ކޯލްތައް މިސްވެފައި ހުއްޓެވެ. ޝާހިޤަށް އޭނަގެ ބޮލުގައި ހިފަހައްޓާލެވުނެވެ. ގޭމީހުން އެއުޅެނީ އޭނަ ގެއަށް ނައިސްގެންކަން އެނގުނެވެ. އޭނަ ދިރިއުޅުމެއް ފެށިފަހުން ރޭގަނޑު ދަންވަންދެން ބޭރުގައެއް ނޫޅެއެވެ. އެހެންވެ އެމީހުންނާ ކުރިމަތިލާނީ ކިހިނެތްކަމެއް ނޭގުނެވެ. އަތުކުރީ އޮތް ގަނޑިނަގާ ފަޓުލޫނު ޖީބަށް ލަމުން ޝާހިޤު ސައިކަލަށް އަރާ ދުއްވާލީ ގެއަށް ދިއުމަށެވެ. އޭނަ ގޭމީހުން ކައިރީގަ އާއި ޒޯޔާ ކައިރީ ބުނާނެ އެއްޗަކާމެދު ވިސްނަމުން ދިޔައެވެ. އޭނައަށް އެކަކުކައިރީވެސް މިވެގެންދިޔަ ކަންތައްތަކުގެ ވާހަކަ ކިޔާދޭކަށް ނުކެރޭނެއެވެ.

ކޮޓަރީގެ ދޮރު ހުޅުވާލި އަޑަށް ނާދިއާ އާއި ޒޯޔާ ދިޔައީ ސިއްސައިގެންނެވެ. “ޝާހިޤު………ދަރިފުޅުތަ…..” ކުޑަކޮށް ނިދިފައި އޮތް ނާދިއާ އަށް އަހާލެވުނެވެ. އޭރު ނުނިދިގެން އޮތް ޒޯޔާ އޭނަގެ ހަމަހުގެ ބަނޑާއެކު ކައްޓެއްހެން ތެދުވިގޮތްވެސް ނޭގުނެވެ. “މަންމާ، މަށޭ…….” ޝާހިޤު ޖަވާބު ދިނެވެ. “ދަރިފުޅު ކޮންތާކު އުޅެފަތަ ތިއައީ…….މިހާރު ކިތައްފަހަރަށް ގުޅައިފިންތަ………ތިހެން ހަދާކަށް ނުވާނެއެންނު. އެއްފަހަރުވެސް ޒޯޔާ އަށް ގުޅާލާފަ ބުނިނަމަ ތިދިޔަތަނެއް، އެފަކީރު ކަންބޮޑުވެގެން އެހެރަ ހަލާކުވަނީ…….ގޭއެންމެން ކަންބޮޑުވާނެކަން ދަންނަންވާނެއެންނު” ނާދިއާ ހުރީ ހިތްހަމަ ނުޖެހިފަކަން ޝާހިޤަށް އެނގުނެވެ. “މަންމާ ޕްލީސް………ދެން އެހެނެއް ނުވާނެއޭ………” ޝާހިޤަށް ބުނެލެވުނެވެ. “މަންމާ ދެން އޭނައަށް އެއްޗެހި ނުކިޔަބަލަ، މިހާރު އެހެރީ ގޭގަ އެންނު……..މިވަގުތު ދެން މަންމަގެ ދަރިފުޅު ސަލާމަތުން އައިކަމަށްޓަކާ ޝުކުރުވެރިވާންވީ……..މަންމަވެސް ދޭ އަރާމުކޮއްލަން” ޒޯޔާއަށް ޝާހިޤުގެ މޫނުފެނުމުން ބުނެލިއެވެ. ނާދިއާވެސް ޒޯޔާގެ ބަސްއަހައިގެން އޭނަގެ ކޮޓަރިއަށް ދިއުމަށް ނުކުތެވެ.

ޒޯޔާ ހުރީ ނާދިއާ ނުނުކުމެގެންނެވެ. ނާދިއާ ނުކުތުމާއެކު އައިސް ޝާހިޤުގެ ގައިގާ އޮޅުލައިގަތެވެ. ޝާހިޤު އެއްވެސް އެއްޗެއް ނުބުނެ ޒޯޔާގެ ގައިގާ މަޑުމަޑުން ހިފަހައްޓާލިއެވެ. ކޮޓަރީގައި ދިއްލާފައިވާ ނިދާބޮކީގެ ފަޑުއަލީގައި ޝާހިޤުގެ މޫނު ފެނުނީ މާޔޫސްކަމުން ފުރިގެންވިތަނެވެ. ޒޯޔާ ޔަގީން ކޮއްލުމަށް ޝާހިޤާ ދުރަށް ޖެހިލައިފައި ކޮޓަރީގެ ލައިޓު ޖައްސާލިއެވެ. އެއާއެކު ޒޯޔާ ހައިރާން ވިއެވެ. ޝާހިޤު ޒޯޔާއަށް ފުރަގަސް ދީގެން ހުރިއިރު އޭނަ ދިޔައީ އަވަސް އަވަހަށް ގަމިސް ބާލަމުންނެވެ. އެގަމީހުގައިވަނީ އާދަޔާހިލާފަށް ރޫޖެހިފައެވެ. “ޝާހިޤު………”ޒޯޔާ ޝާހިޤުގެ ފުރަގަހުންގޮސް ބާލަމުން ދިޔަ ގަމީހުގައި ހިފިއެވެ. އަދި ގަމިސް ބާލާ ދިނުމަށްފަހު ދާވަށިގަނޑަށް ލިއެވެ. “ކިހިނެތްވީ…….” ޝާހިޤު އަހާލިއެވެ. “ހާދަ ހަޑިކޮށޭ ގަމިސް މިއޮތީ…….ހުސް ރުލެއްނު މިއޮތީ” ޒޯޔާ ބުނިއެއްޗަކަށް ޝާހިޤު އެއްވެސް އެއްޗެއް ނުބުނެއެވެ. އޭނަ މަޑުމަޑުން ގޮސް ވަނީ ފާހާނާއަށެވެ. އަދި ފެންމާގަނޑު ދޫކޮށްލައިގެން އޭގެދަށުގައި ހުއްޓެވެ. “ޝާހިޤު މިގަޑީގަ ފެންވަރަނީތަ………..” ޒޯޔާ އަނެއްކާވެސް އަހާލެވުނެވެ. މިފަހަރުވެސް އެއްވެސް ޖަވާބެއް ނުލިބުމުން ޒޯޔާ އައިސް އެނދުގައި މަޑުމަޑުން އިށީދެލައިގެން އިނެވެ. އޭރު އޭނަގެ ދެލޯ ފެންކަޅިވެއްޖެއެވެ. ޝާހިޤު އެހެން ކަންތައްކުރުމުގެ ބޭނުމަކީ ކޮބާކަން ޒޯޔާއަށް ނޭގޭތީއެވެ. ޒޯޔާގެ ހިތަށް ވަރަށް ތަދުވިއެވެ. މިރޭމީ ޒޯޔާގެ ހަޔާތުގަ ޝާހިޤު ފުރަތަމަ ފަހަރަށް އޭނަގެ ހިތްރޮއްވާލިރެއެވެ.

ފެންމާގަނޑުން ވެހެމުން ދިޔަ ފެންތަށް އިސްޖަހާލައިގެން ހުރި ޝާހިޤުގެ ބޮލަށް އެޅެމުން ދިޔައެވެ. އެހެން ހުރިއިރު އޭނަ ވިސްނަމުން ދިޔައެވެ. އޭނަ ޒޯޔާއާ ވާހަކަ ނުދެއްކުމަކުން އެއްވެސް ކަމެއް ހައްލެއް ނުވާނެއެވެ. ވެދިޔަކަންތައް ނުވާކަމަކަށްވެސް ނުހެދޭނެއެވެ. ޝާހިޤު ފުރަތަމަ ފަހަރަށް ޒޯޔާ ގާތު ދޮގެއް ހެދުމަށް ނިންމިއެވެ. ދެރައީ އެދޮގުގެ ސަބަބުން ދިރިއުޅުމަށް ކޮށްފާނެ އަސަރު ޝާހިޤަށް ނުވިސްނޭތީއެވެ. ކުރެވުނު ޢަމަލަކީ އާދައިގެ ހަނދާނުން ފޮހެލެވިގެންދާނޭ ފަދަ އަމަލަކަށް ނުވުމެވެ. ކުރެވުނުކަންތަކާ ދެރަވާންވީ ކަމެއްވެސް އަދި ޝާހިޤުއަށް ނޭގޭތިއެވެ.

ފާހާނާއިން ނިކުތް ޝާހިޤަށް އެނދުގައި އިން ޒޯޔާފެނުނެވެ. ޒޯޔާ ރޯކަން އެނގުމުން އޭނަ ޒޯޔާގެ ކައިރިއަށް އައިސް އޭނަގެ އަތުގައި ހިފައިނެގިއެވެ. އަދި ގެނެސް މޭގާ ޖައްސާލިއެވެ. “އަހަންނަށް މާފު ކުރާނަންތަ……..”ޝާހިޤު އަހާލިޖުމްލައިން ޒޯޔާ އޭނަގެ މޫނަށް ބަލާލިއެވެ. އަދި ލޯފޮހެލިއެވެ. “ކޮންކަމަކާ ޝާހިޤު މާފަށް އެދެންވީ……….އަހަރެން އަބަދުވެސް ބުނަން އަހަރެން ޝާހިޤަށް މާފު ނުކުރާނެ އެއްވެސް ކަމެއް ނޯންނާނެއޭ، އެއީ އަހަރެން ޝާހިޤު ދެކެ ވާ ލޯތްބައްޓަކާ………އާ އަހަރެން ޒޯޔާ މިދުނިޔެމަތީ އެންމެ ލޯބިވާ މީހާ، އަހަރެންގެ ފިރިމީހާ ޝާހިޤު އަށް މާފުނުކުރާނެކަމެއް ދުވަހަކުވެސް ނޯންނާނެ، މިއަދު އަހަރެން އެކަމަށް މިވަޢުދުވަނީ………ދެން ޕްލީސް ޝާހިޤު އަހަންނާ ވާހަކަ ނުދައްކާ ނުހުންނައްޗޭ” ޒޯޔާ ޝާހިޤުގެ އަތްތިލަނަގާ ބޮސްދިނެވެ. ޝާހިޤު ޒޯޔާ އޭނައަށް އެކުރިވައުދުގެ ސަބަބުން އަދި ވަކިން ކައިރިކޮއްލިއެވެ.

އެނދުގައި ޝާހިޤު އާއި ޒޯޔާއޮތެވެ. “ޝާހިޤު، ކިހިނެތްތަވީ މިރޭ، އަނެއްކާ ކަމެއް ދިމާވީތަ” ޒޯޔާ އަހާލިއެވެ. “ކަމެއްނުވޭ، ދެން ދެރަވީ ޒޯޔާ ގޮވައިގެން ޑޮކްޓަރަށްވެސް ނުދެވުނީމަ، އަހަރެން ކެބިންނަށް ވަދެ ސޯފާގައި ޖައްސާލިތަނާ ނިދުނީ، އެހެންނުވިނަމަ” ޝާހިޤު ބުނެލިއެވެ. ޒޯޔާ އެކަންތައްދެން އެހާ ބޮޑުކަމަށްކަށް ހަދާކަށް ބޭނުމެއްނުވިއެވެ. އޭނަ ދެކުނުގޮތުގައި އޮފީހުގައި ބުރަކޮށް އުޅޭއިރު އެފަދަ ކަމެއްވެސް ދިމާވުން އެކަށީގެންވެއެވެ. ޒޯޔާއަށް ނިދުނުއިރުވެސް ޝާހިޤު އޮތީ ނުނިދިފައެވެ. ޝާހިޤު ޒޯޔާއަށް އޭނަގެ އަތުކުރީ އޮތްގަޑި ނެތްކަން ފާހަގަ ނުކުރެވުމުން ކޮންމެވެސް ވަރަކަށް ހިތްހަމަ ޖެހުނެވެ. އަދި ބޭލި ފަޓުލޫނުގެ ޖީބުގައިވާ ގަޑިނަގާ އޭނަގެ އޮފީހަށް ގެންދާ ލެޕްޓޮޕް ދަބަހަށް ލިޔެއެވެ. އޭނަގެ ލޮލުގައި ނިދީގެ އެއްވެސް އަސަރައްނެތެވެ. އެއަށްވުރެ އޭނައަށް އުނދަގޫ ކުރަމުންދާ ހިޔާލްތަކާ ދޭތެރޭ ވިސްނަންފެށުނެވެ. އެހެން އޮތްވާ އިރުއެރުމަށް މާގިނައިރެއް ނުނެގިއެވެ.

ޒޯޔާ އަށް ހޭލެވުނީ ޝާހިޤު އޮފީހަށް ދާން ތައްޔާރުވަނިކޮށެވެ. އެހެންވެ އަވަހަށް ގަޑިއަށް ބަލާލެވުނެވެ. އޭނައަށް ހޭލެވުނީ ލަހުންނެއް ނޫނެވެ. ޝާހިޤު މިއަދު އެހެން ދުވަސް ދުވަހަށްވުރެ އަވަހަށް ތައްޔާރުވަނީއެވެ. “ޝާހިޤު……..މިއަދު ހާދަ އަވަހަކާ ތި ތައްޔާރުވަނީ، ކީއްވެ ޒޯޔަށް ނުގޮވީ…….” ޒޯޔާ އެނދުން ތެދުވަމުން ބުނެލިއެވެ. “އަވަހަށް ތެދުވަންވާނެއެންނު، އަބަދު ޒޯ ރުޅިގަދަކުރުވާކަށްވެސް ނުވާނެއެންނު ދޯ” ޝާހިޤު ބުނެލިއެވެ. ޒޯޔާ އެނދުގެ ތަންމަތި ރީތިކޮއްލުމަށްފަހު ފާހާނާއަށް ވަދެ ތާޒާ ވެލައިގެން ނުކުތެވެ. އޭރު ޝާހިޤު ޓައިއެޅުމަށް އުޅެއެވެ. ޒޯޔާ ވަރަށް ހައިރާން ވިއެވެ. މީގެ ކުރިން ޝާހިޤު ޒޯޔާގެ އަތުން ނޫނީ ޓައީއަޅާފައެއް ނުވެއެވެ. މިއަދު މާ އަވަސް އަރުވާލާފަ އަވަހަށް އޮފީހަށް ދާން އުޅެނީ ކީއްވެބާއޭ ޒޯޔާގެ ހިތައް އެރިއެވެ. “ޝާހިޤު ހާދަ އަވަސްކޮއްލާފަ، ލޯބި ސައިވެސް ނުބޯނަންތަ؟ ގެނޭ ޒޯ އަތަށް ޓައީ އަޅާދެނަން އެހެންޏާވެސް ޒޯއެންނު އަޅާދެނީ” ޒޯޔާ ތުވާލި ހަރުގަނޑުގައި އަޅުވާލަމުން ބުނެލިއެވެ. ޝާހިޤު އެއްވެސް ބަހެއް ނުބުނެއެވެ. މަޑުމަޑުން ޒޯޔާ ޓައީ އަޅާދީ ނިމެންދެން ހުރީ އެވެ. މިއަދު ޒޯޔާގެ ގައިގާ ޝާހިޤު ކޮއްޓާވެސް ނުލައެވެ. ޒޯޔާ ޓައީ އަޅާދީ ނިމުމުން ޝާހިޤު ލޯގަނޑު ބަލާލާ ޓައީ ރަގަޅުކޮށްލުމަށް އަތްނެގިއިރު އޭނަގެ އަތުގައި ގަޑިނެތްކަން ޒޯޔާއަށް ފާހަގަ ކުރެވުނީ ދެނެވެ. “ޝާހިޤު ކޮބާ ގަޑި؟” ޒޯޔާ ޑްރެސިންގ ޓޭބަލްމަތި ބަލާލުމަށްފަހު އަހާލިއެވެ. “ގަޑި…….ގަޑި ދޯ…..މީ….ވީގޮތަކީ އިއްޔެ އޮފީހުގަ އުޅެނިކޮށް ހަލާކުވީ އެހެންވެ ހިތައް އެރީ އާގަޑިއެއް ގަންނާނީއޭ….ދޯ ޒޯ” ޝާހިޤު އަޅައަޅައި ގަންނަމުން އަވަހަށް ބުނެލިއެވެ. ސައިބޯން ދިއުމަށްޓަކައި ކޮޓަރިން ނުކުތީ ޝާހިޤު އާއި ޒޯޔާ އެކުގައެވެ.

ކާމެޒު ދޮށުގައި ސައިބުއިމަށް ޝާރިޤު އާއި ޝާމިން ނޫން އެހެން މީހަކު ނުވެއެވެ. ނާދިއާ އޭރު އަދި ކާއެއްޗެހި މޭޒުމަތީ އަތުރަނީއެވެ. މަލާކް އާދައިގެ މަތިން އެހީތެރިވުމުގައި އުޅެއެވެ. އެމީހުންނަށް ބަލާލެވުނީ ޝާހިޤު އާއި ޒޯޔާ އަށެވެ. “ޝާހިޤު…” ޝާދިން ގޮވާލިއެވެ. ޝާހިޤު ޝާދިންއަށް ޖަވާބަކަށްދިނީ ހިނިތުންވުމެކެވެ. އޭނަ މިސްރާބު ޖެހީ ގޭން ނުކުތުމަށެވެ. “ދަރިފުޅު ސައިނުބޮއެ ދަނީތަ” ނާދިއާ ޝާހިޤު ދާންއުޅުމުން ބުނެލިއެވެ. ޒޯޔާ ހުރީ ޝާހިޤު އުޅޭގޮތުން ވާނުވާނޭގިފައެވެ. “މަންމާ، މިއަދު ތަންކޮޅެއް އަވަހަށް ދާންޖެހޭ……އަންނާނަން ފަހުން ސައިބޯން” ޝާހިޤު ބުނެލިއެވެ. ޒޯޔާ ޝާހިޤުގެ ފަހަތުން ދިޔައެވެ. ދޮރުން ނުކުންނަން ފެށުމުން ޒޯޔާ ގޮވާލިއެވެ. ޝާހިޤު ބަލާލުމަށްފަހު ޒޯޔާގެ ކޯތާފަތުގައި އަތްޖައްސާލުމަށްފަހު ހިނިތުންވުމެއް ދިނެވެ. ޒޯޔާ ޝާހިޤު އަތްބީއްސާލި ކޯތާފަތުގައި އަތްޖައްސާލައިގެން ޝާހިޤު ދާ މަންޒަރުބަލަން ހުއްޓެވެ. އޭނަ ހުރީ ވަރަށް ހައިރާންވެފައެވެ. ޝާހިޤު ކިބައިން ފެންނަކަންތައްތަކުންނެވެ. މީގެ ކުރިން ޝާހިޤު ޒޯޔާގެ ނިތްކުރީގައި އަބަދުވެސް އޮފީހަށް ދިއުމުގެ ކުރިން ބޮސްދޭނެއެވެ. ގޭތެރޭގައި ފޫހިނުވުމަށް ބުނާނެއެވެ. އޭނަގެ މަތިން އަބަދުވެސް ހަނދާން ކުރުމަށް ބުނާނެއެވެ.

“ޒޯ، އާދޭ ސައިބޯން….” އެތެރެއަށް ވަދެގެން އައި ޒޯޔާ ގާތު ޝާމިން ބުނެލިއެވެ. “ނޫން މިގަޑީގަ ދޮންބެމެން ސައިބޯލާ، އަޅުގަނޑުމެން ބޯނީ ފަހުން، ދޯ މަންމާ” ޒޯޔާ ނާދިއާއަށް ބުނެލިއެވެ. ނާދިއާ ޒޯޔާއަށް އޭނަގެ ކައިރީގައި އިށީނުމަށް އިޝާރާތް ކޮށްލިއެވެ. “ދަރިފުޅާ، ޝާހިޤު އާ ދެބަސްވީތަ” ނާދިއާ ޒޯޔާ ގާތު އަހާލިއެވެ. އޭނައަށްވެސް ޝާހިޤު އެހެންދުވަސް ދުވަހާ ތަފާތުކަން ފާހަގަ ކުރެވުނީއެވެ. “ނޫން މަންމާ، ޝާހިޤު އަދިވެސް ދެރަވެފަކަންނޭގެ އެހުންނަނީ…….” ޒޯޔާ އޭނައަށް ހީވިގޮތް ބުނެލިއެވެ. ހުރިހާ އެންމެންވެސް އެކަމަށް އެއްބަސްވިއެވެ. “ކިހިނެތްތަވީ އިއްޔެ އޭނައަށް؟ އެހާލަހުން އެއައީ ކޮންތާކަށް ގޮއްސަތަ؟” ޝާމިން އަހާލިއެވެ. “ތަނަކަށް ނުދޭ ދޮންބޭ، ޝާހިޤު އޮފީހުގަ އިއްޔެގަ އުޅުނީ ވަރަށް ބުރަކޮށް އެހެންވެ އޮފީސް ސޯފާގަ ޖައްސާލިތަނާ އޭނައަށް ނިދުނީ……އެކަންތައް ދެން އެނިމުނީނު ދޯ، ޝާހިޤު އެހުންނަނީ ވަރަށް ދެރަވެފަ………އަހަރުމެން އެވާހަކަ ޝާހިޤު ކައިރީ ނޭހުން އެންމެ ރަގަޅު ވާނީ” ޒޯޔާ ބުނެލިއެވެ. ” އާ މަންމައަށްވެސް ފެންނަނީ ދެން އެވާހަކަ ނުދައްކަން” ނާދިއާ ހުރިހާ ކުދިން ކައިރީ ބުނެލިއެވެ. މޭޒުމަތިން އަލިމަނިކު ނުފެނުމުން ޒޯޔާ ސުވާލުކޮށްލިއެވެ. “ބައްޕަ ގުރައިދޫއަށް ދާވާހަކަ ދެއްކިއެންނު، މިއަދު ފަތިހު އޮތީ ފުރަން އެހެން ވީ އެދިމާލަށް ގޮސް” ނާދިއާ އޮޅުން ފިލުވައިދިނެވެ. “ކީއްވެ އަޅުގަނޑުމެންނަށް ނުގޮވީ” ޝާރިޤު ނަދިއާއަށް ބުނެލިއެވެ. “ބައްޕަ އެދެލެއްވިގޮތް އެއީ، އެއުޅޭ އަހްމަދު އާއެކު ދިޔައީ، ބުނި ދެވުނީމަ ގުޅާނަމޯ” ނާދިއާ ބުނެލިއެވެ.

އޮފީހަށް ދާ މީހުން އޮފީހަށް ދިޔައީއެވެ. ނާދިއާ އާއި ޒޯޔާ މިޝްކާއާއެކު މޭޒުކައިރީ ސައިބޯން ތިއްބެވެ. މިޝްކާ ބަލިވެއިންއިރު އޭނައަށް ޒޯޔާއަށް ދިމާވިގޮތަށް ހޮޑެއް ނުލެވެއެވެ. އޭގެ ބަދަލުގައި ކާ ކޮންމެ އެއްޗެއް ފެނުނަސް އޭނަ ކާހިތްވެއެވެ. އަބަދުވެސް އިންނާނީ ކޮންމެވެސް އެއްޗެއް ކާލަ ކާލަ ނޫނީ ބޯލަ ބޯލައެވެ. އޭނަގެ އަނގައިގާ އެއްޗެއް ނެތްއިރެއް ނުފެންނާނެއެވެ. ގޭތެރޭގައި އެކަމާ ވަރަށް ދިމާކޮށްހަދައެވެ. އެންމެނަށް ވަނީ މަޖަލަކަށެވެ. މިޝްކާއަށް އެއްވެސް އެއްޗަކުން ނުބައިވަހެއް ނުދުވައެވެ. އެހެންވެ އޭނައަށް އެކަންވީ ވަރަށް ފަސޭހަކަމަކަށެވެ. މަލާކްވެސް ރަޔާން އަށް ސައިދިނުމަށް މޭޒުކައިރީ އިނެވެ. “މަންމާ ރޯދަމަސް ފެއްޓޭނެ އެންނު މިހަފްތާ ތެރޭ……މިފަހަރު ކޮންކަމެއްތަ އޮތީ” މަލާކު ބުނެލިއެވެ. މީ ޝާހިޤު މެންގޭގައި ޒޯޔާ ހޭދަކުރާ ފުރަތަމަ ރޯދަމަހެވެ. އެގޭތެރޭގައި އޮންނަނީ ކޮންކޮން ކަންތައްތަކެއް ކަމެއް ޒޯޔާއަކަށް ނޭގެއެވެ. “ތިވީ ގޮތުން ތިޖެހުނީ އެއްކަލަ ޖުވޭގެ ކައްކާފޮތް ހޯދަންށެންނު” ނާދިއާ ހެމުން ބުނެލިއެވެ. “ރޯދައަށް އެއްޗެހި ގަންނަން ވާނެއެންނު” މިޝްކާ ބުނެލިއެވެ. “މިފަހަރު ނުޖެހޭނެ އެހާ ބައިވަރު އެއްޗެހި ގަންނާކަށް، ދޯ މަންމާ” މާލާކު ނާދިއާ އަށް ބުނެލިއެވެ. ޒޯޔާ އެއްވެސް އެއްޗެއް ނުބުނެއެވެ. އޭނަ ބުނާނެ ވަކިއެއްޗެއް ނެތީމައެވެ. ޒޯޔާ ކާން އިނދެފައި ފޯނު ބަލާލިއެވެ. ޝާހިޤު އުފަންދުވަސްވެސް އަންނަނީ މިމަހުގައި ކަމަށް ވާތިއެވެ. އެކަމަކު އެދުވަސް ވަނީ ރޯދަމަހުގެ ތެރެއިން ދުވަހަކަށެވެ. “ދޮންބެދައްތާ، ޝާހިޤު ބާތްޑޭ އަންނަނީނު، އެކަމަކު ރޯދަމަސް ތެރޭ” ޒޯޔާ އެހެންމީހުންނަށް ހަދާންކޮށްދެން ބޭނުންވިއެވެ. “އާ އެވެސް ތެދެކޭ، މިފަހަރު ވާނެ ވަރަގަދަ ލަނޑެއް ދޭން” މިޝްކާ މަޖާވެލައިފައި ބުނެލިއެވެ. އަދިވެސް އޭނަގެ އެސަކަ މިޒާޖެއް ނުދެއެވެ.

ފޯނު ރިންގުވެއެވެ. އެކަމަކު އެފޯނު ނަގާނަމޭވެސް ޝާހިޤުގެ ހިތަކަށް ނާރައެވެ. އޮފީހުގައި އޭނަގެ ކެބިންގައި ގޮނޑިއަށް ވެއްޓިގަނެގެން ކަހަލަގޮތަކަށް ޝާހިޤު އިނެވެ. މަސައްކަތެއް ކުރާހިތް ނެތިފައެވެ. ފޯނުގެ ރިންގާ އެކު އޭނަ އަށް ބޭއިހްތިޔާރުގައި ނިތްކުރީގައި އަތްހާކާލެވެއެވެ. މޭޒުގައި ބަހައްޓާލެވިފައިވާ ކޮފީ ތަށިވެސް ވަނީ ފިނިވެފައެވެ. ނަމަވެސް އޭގައި ތުންޖައްސާލައިފަވެސް ނުވެއެވެ. ފޯނުގެ ރިންގަށް ބަދަލެއް ނާންނާނެކަން ޝާހިޤަށް އެނގެއެވެ. އެހެންވެ އެންމެ ފަހުން ފޯނުނެގިއެވެ. “ހެލޯ، ނައު” ޝާހިޤު ބުނެލިއެވެ. “ހާއި ޝެޤީ، މޯނިންގ، އަހަރެން ގުޅީމަ ފޯނު ނުނަގަން ތިހުރީ؟ އަނެއްކާ ރޭގަވީ ކަންތަކާތަ؟” ނައުރީން ޝާހިޤު އާ ސުވާލުކޮށްލިއެވެ. “ނައު، އެހެނެއް ނޫން، ދެން އެފަދަކަމެއް……” ޝާހިޤުއަކަށް އިތުރަކަށް ނުބުނެވުނެވެ. “ޝެގީ، ރޭގަ އަހަރެން ވަރަށް އުފާވި، އެފަދަ ރެއެއް އަހަރެންގެ ހަޔާތުގަ އަދި ނާދޭ…….އަހަންނަށް އެނގޭ ޝެގީވެސް ހުރީ އުފަލުންކަން، އެކަމަކު ވަރަށް ދެރަވި އަހަންނަށް ހޭލެވުނުއިރު ޝެގީގެ މޫނު ނުފެނުނީމަ…..” ނައުރީން ބުނެލިއެވެ. “ނައު، އަހަރުމެން ދެމީހުން އަދި އެކަކު އަނެކަކަށް ރަގަޅަށްނުވެސް އެނގެއެންނު” ޝާހިޤު ބުނެލިއެވެ. “ޝެގީ މިއަށްވުރެ ބޮޑަށް ޝެގީ އެނގެން ބޭނުންވަނީތަ، އަހަންނަށް ހިޔެއް ނުވޭ ދެން މިއަށްވުރެ ބޮޑަށް އެނގޭނެގޮތެއް އޮތްހެނެއް…….” ނައުރީން ޝާހިޤު ބުނިއެއްޗަކާ އެއްބަހެއް ނުވިއެވެ. “އެކަމަކު މިގޮތަކަށް ނޫނޭ ދެމީހުން އެނގެންވާނީ” ޝާހިޤު ބުނެލިއެވެ. “ޝެގީ ކޮބާތަ މައްސަލައަކީ؟ އެހިނގިކަމެއް އެހިނގީ އަހަރެންވެސް ބޭނުންވެގެން، ޝެގީވެސް ބޭނުންވެގެން……..ވީއިރު އަހަންނަށް މިކަމުގަ މައްސަލައެއް ނެތް، އަހަރެން ޝެގީއާ ޝަކުވާކޮށް ރޮޔެއް ނަހަދަން، އެއްފަހަރުވެސް އަހަރެން ބުނިންތަ ރޭގެ އެވީކަންތައް ތަކަކީ މިސްޓޭކެކޭ…….” ނައުރީން އޭނަގެ ހިތުގައިވާއެއްޗެއް ބޭރުކޮށްލިއެވެ. “ނައު މީ ގޯހެއް” ޝާހިޤު ކަންބޮޑުވެފައި ބުނެލިއެވެ. “ރޭގަ އެވިކަންތައްތަކުގެ ސަބަބުން ޝެގީ އަހަރެންދެކެ ފޫހިވީތަ؟ އަހަރެން ކަމުނުދަނީތަ؟ ނޫނީ އަހަރެން ހުތުރީތަ….އަޅެ ޝެގީ ބުނެބަލަ” ނައުރީންގެ އަޑުން އޭނަ މިހާރު ހުރީ ވަރަށް ދެރަވެފަކަން ޝާހިޤަށް އެނގުނެވެ. “ނޫން، ނޫން……ނައުގެ ތިކަހަލަ އެއްވެސް ސިފައެއްނެތް، އަހަންނަށް ކަމުނުދަނީއެއްވެސް ނޫން، ތި ހަށިގަނޑުގެ ރީތިކަން ފެނިފަ އަހަރެންނަށް އަހަރެންގެ އަމިއްލަ ނަފްސު ކޮންޓްރޯލް ނުކުރެވުނީ” ޝާހިޤު ބުނީ ތެދެކެވެ. އޭނަ ނައުރީންދެކެ ފޫސެއް ނުވެއެވެ. “ޝެގީ އެހެންވީރު އަދި އެއްފަހަރު އަހަރެން ދެކިލަން އަންނާނަންތަ؟ ޕްލީސް ހަމައެއްފަހަރު” ނައުރީން އަހާލިއެވެ. ޝާހިޤަށް ކީއްވެކަމެއް ނޭގެއެވެ. އޭނަ ނައުރީނަށް އާބަސްދިނެވެ. ހަވީރު އޮފީސް ނިންމާފަ ވަދެލާނަންކަމަށެވެ.

ނައުރީންގެ ފޯނުކޯލު ނިންމާލުމަށްފަހު ޝާހިޤު ފުންނޭވާއެއް ލިއެވެ. އަނެއްކާވެސް ގޮޑީގައި ކުރިން އިންގޮތަށް ލެގިލައިގެން ނިތުގައި އަތްބާއްވާލައިގެން އިނެވެ. އޭނަ ވިސްނަމުން އެދަނީ އޭނައަށް އެވާގޮތްތަކާއި މެދުގައެވެ. ޝާހީޤު ދެލޯ މަރާލިއެވެ. އޭނައަށް ފެންނަމުން ދިޔައީ ރޭގެ މަންޒަރުތަކެވެ. ނައުރީންގެ އެރީތި ރީތި ހަށިގަނޑެވެ. އެވަނާތަކެވެ. ޝާހިޤު ކުޑަހިނދުކޮޅަކަށްވިޔަސް ޒޯޔާގެ މަތިން ހަނދާން ނެތިގެން ދިޔަވަގުތު ކޮޅެވެ. ވަފާތެރި އަނބިމީހާއަށް ކުޑަހިނދުކޮޅެއްގެ ތެރޭ ބޭވަފާތެރިވެވުނީތީއެވެ. ޒޯޔާގެ އެއްވެސް ކުށެއްނެތިއެވެ. ޝާހިޤުގެ ހިތުގައި ޖާގައެއް ހުސްވަމުން ދާހެން ހީވާތީއެވެ. ނައުރީންގެ ހަށިގަނޑުގެ ބީހުން އަދިވެސް ޝާހިޤަށް އިޙްސާސް ކުރެވޭފަދައެވެ. އޭނަގެ ގައިގާ ހީބިނަގައިގެން ދިޔައެވެ. އަވަހަށް ލޯހުޅުވާލުމަށްފަހު ދެފަރާތަށް ބޯހޫރުވާލެވުނެވެ. އެހެނަސް އެހީޔާލްތަކާ ދުރެއް ނުވެވުނެވެ. މޭޒުގައި ބާއްވާލި އަތުގެ ތެރޭ އޭނަގެ މޫނުފޮރުވާލިއެވެ. އޭނަގެ ލޯމެރިލާއިރަށް ފެންނަނީ އެތުނިތުނި ދޮންހަށިގަނޑެވެ. އެރީތި މޫނެވެ. ކަންފަތުގައި އެހުނުމުގެ އަޑު ހަރުލާފައިވެއެވެ. އެއީ ކޮންކަހަލަ ޖާދުވި އަންހެން ކުއްޖެއްބާއޭ ޝާހިޤުގެ ހިތައްއެރިއެވެ. އޭނަ ޝާހިޤު ފުރަތަމަ ފެނުނު ދުވަހުވެސް އޭނަގަ ހަށިގަނޑު އެވެދުންކުރީ އެއްވެސް ހިޔާލެއް ފިކުރެއްހުރެއެއް ނޫނެވެ. އޭނަ އެވަރަށް ޝާހިޤު ދެކެ ލޯބި ވަނީބާއޭ ޝާހިޤުގެ ހިތަށްއެރިއެވެ. އެކަމަކު ޒޯޔާވެސް އޭނަދެކެ ލޯބިވެއެވެ. ޝާހިޤަށް އެކަންވެސް ހަނދާން ނައްތާލެވޭކަށް ނެތެވެ.

ޒޯޔާ ޑްރެސިން ޓޭބަލްގެ ކުރިމަތީ އޭނަގެ އިސްތަށިގަނޑުގައި ފުނާއަޅަމުން ދިޔައެވެ. އޭނަގެ ސިކުނޑީގައިވަނީ ޝާހިޤުގެ ހިޔާލެވެ. ފަހަކަށް އައިސް ޝާހިޤު ޒޯޔާ އާއި މާ ގާތް ނުވާކަން ފާހަގަ ކުރެވޭތީއެވެ. ޝާހިޤު ލަހުން ގެއަށް އައިދުވަހުން ފެށިގެން ޝާހިޤަށް ވަނީ ކޮންމެވެސް ވަރެއްގެ ބަދަލެއް އައިސްފަކަން ޒޯޔާއަށް ހީވެއެވެ. އެއްކޮށް އުޅުނަސް ކުރިން ސަކަރާތްޖަހާ ގޮތަށް ޒޯޔާ އާއި ސަކަރާތްޖަހާ ނޫޅެއެވެ. ގޭގެ ހޭދަކުރާ ވަގުތު އަނެއްކާވެސް މަދުވާންފެށިއެވެ. އޮފީހުން އަވަހަށް އަޔަސް ރައްޓެހިންނާއެކު ކޮފީތަކަށް ދާ ރޭރޭ ގިނަވާންފަށައިފިއެވެ. ހަފްތާ ނިމިގެން ދާއިރު ޒޯޔާ ބޭނުންވާވަރަށް ޝާހިޤުގެ ސަމާލުކަމެއް އޭނައަކަށް ނުލިބުނެވެ. މިވަނީ ކިހިނެތްކަމެއް ނޭގިފައި އިން ޒޯޔާ އޭނަގެ އަމިއްލަ ނަފްސާ އެތަކެއް ސުވާލެއް ކުރަމުން ދިޔައެވެ.

ޒޯޔާ ސިއްސައިގެން ގޮސް އަތުގައި އޮތް ފުނާ ވެއްޓުނެވެ. އަދި ދޮރާ ދިމާލަށް ބަލާލެވުނެވެ. “ޒޯ އަދިވެސް ތައްޔާރު ނުވަންތަ؟” މިޝްކާ އެތެރެއަށް ވަންނަމުން އަހާލިއެވެ. “ނޫން މިނިމުނީ” ޒޯޔާ މަޑުމަޑުން ތިރިވެ ފުނާ ނަގަމުން ބުނެލިއެވެ. “ހިނގާ ދަމާ…..” ޒޯޔާ މިޝްކާ އާއިއެކު ކޮޓަރިން ނުކުތެވެ. ގޭގެ ހުރިހާ އަންހެނުން މާދަމާ އަކީ ރަމަޟާން މަހުގެ ފުރަތަމަ ދުވަހަށް ވާތީ ބަދިގެއަށް ބޭނުންވާ ބައެއް ސާމާނު ގަނެލަން ނުކުތެވެ.

ބާޒާރަށް ދިޔަމީހުން ގެއަށް އައިއިރު އިރުއޮއްސި ބަންގިގޮވައިފިއެވެ. ޝާމިން ރަޔާން ގޮވައިގެން ސިޓިން ރޫމުގައި ޓީވީ ބަލަންއިނެވެ. “ގޭގަ އިތުރު މީހެއް ނޫޅެނީތަ؟” ނާދިއާ ކޮތަޅުތަކާއެކު ވަންނަމުން ބުނެލިއެވެ. މަލާކް ފެނުމާއެކު ރަޔާން ސޯފާއިން ފުއްމާލައިގެން އައިސް ކޮތަޅުގައި ހުރީ ކޮންއެއްޗިއްސެއްތޯ ބަލަންފެށިއެވެ. “މަންމަ އެއް ނޫނޭ ކޮއްކޮ އަށް ގިފްޓެއް ގެނައި، ބަލާ މިއޮތީ އޯ” ޒޯޔާ ރަޔާންއަށް ބުނެލިއެވެ. ރަޔާން އުފަލުން އައެވެ. ޝާމިން ނާދިއާގެ ސުވާލަށް ޖަވާބު ދިނެވެ. ޝާމިން ނޫން އިތުރު މީހަކު ގޭގައި ނެތެވެ. ޝާހިޤުވެސް ގެއަށް އައިސް އެއްޗެހި ބަދަލްކޮށްލައިގެން ބޭރަށް ދިޔައީއެވެ. މިކަން އެނގުމުން ޒޯޔާ ވަރަށް ދެރަވިއެވެ. ޝާދިންވެސް ދިޔައީ ޝާރިޤު ގޮވައިގެން އެއްޗެއް ގަންނަންށޭ ޝާމިން ބުނެލިއެވެ.

ޒޯޔާ ވަރުބަލިވެފައި ހުރުމުން ކޮޓަރިއަށް އައެވެ. އޭނަ އެއްޗެހި ބަދަލް ކޮށްލުމަށްފަހު އެނދުގައި ޖައްސާލިއެވެ. އޭނަގެ ބަނޑުގެ ތަންކޮޅެއްގައި ކުޑަކުޑަ ރިހުމެއް ހުއްޓެވެ. އެއީ އޭނަ މާ ބޮޑަށް ވަރުބަލި ވެގެންކަމަށް ހީކުރިއެވެ. އެނދުގައި އޮތް ޒޯޔާގެ އޭނަގެ ދެލޯ މަރާލައިގެން ފުން ހިޔާލެއްގެ ތެރެއަށް ގެއްލިފައި އޮތެވެ. އެހެން އޮތްއިރު މަޑުމަޑުން އޭނަގެ ދެލޮލަށް ނިދި ސަވާރުވަމުންދިޔައެވެ.

ޝާހިޤު ލޯހުޅުވާލީ ކައިރީގައި އޮތް ނައުރީން އޭނަގެ ނިތްކުރީގައި ބޮސްދިނުމުންނެވެ. ނައުރީން ޝާހިޤުގެ އަތްނަގާ އޭނަގެ މޭގައި ޖައްސާލިއެވެ. “ޝެގީ މިހިތް ދުވަހަކުވެސް ރޮއްވާނުއްލައްޗޭ………..އަހަރެން ޝެގީ ދެކެ ވަރަށް ލޯބިވޭ” ނައުރީން ބުނެލިއެވެ. ޝާހިޤު ނައުރީން އޭނަގެއަތުގެތެރޭ ބޮނޑިކޮށްލިއެވެ. އޭނައަށް ނައުރީންނާ ދުރުގައި އުޅެން އުނދަގޫވަނީއެވެ. އެރީތި ހަށިގަނޑަށް އަބަދުވެސް ހުންނަނީ ކަރުހިއްކައިގަނެފައެވެ. އޭނަގެ ދިރުއުޅުން ބަދަލުވެގެން ހިގައިދާނެކަމުގެ އެއްވެސް ބިރެއް ޝާހިޤުގެ ހިތުގައިނެތްކަހަލައެވެ.

ޒޯޔާއަށް ހޭލެވުނުއިރު ހުރީ ވަރަށް ބަނޑުހައިވެފައެވެ. އެހެނަސް ކޮޓަރިތެރޭގެ ފަޅުކަމާއެކު އަވަހަށް ބަލާލެވުނީ ކައިރީގައި އޮތް ފޯނުގެ ގަޑިއަށެވެ. އެއްވެސް ކޯލެއް އައިސްފައި ވޭތޯއެވެ. މާޔޫސްކަމުގެ ފުން ނޭވާއެއް ޒޯޔާގެ ހަށިންބޭރުވިއެވެ. އެގާރަ ޖަހަނީއެވެ. ޝާހިޤުގެ އެއްވެސް ހަބަރެއް ޒޯޔާއަކަށް ނުވެއެވެ. ކޮޓަރިން ނުކުންނަށް ހިނގައިގަންނަމުން ޒޯޔާ ޝާހިޤުއަށް ގުޅާލިއެވެ. ފޯނެއް ނުނަގައެވެ. ނަމަވެސް ތެދިންފަހަރަކު ގުޅާލުމުން އެންމެ ފަހުން ޒޯޔާގެ ކަންފަތުގައި ޝާހިޤުގެ އަޑު ޖެހިއްޖެއެވެ. “ހެލޯ ކިހިނެތްވީ……..” ޒޯޔާއަށް އެއްޗެއް އަހާނުލެވެނިސް ޝާހިޤު ބުންޏެވެ. “ޝާހިޤު ކޮންއިރަކުން ގެއަށް އަންނާނީ، ޒޯ ވަރަށް މިސްވެގެން މިގުޅާލީ………” ޒޯޔާ މިހެން ބުނެލުމަކުން އަދި ޝާހިޤު އަންނަކަހަލަ ހިޔާލެއް ނުކުރިއެވެ. އޭނަ އިރުކޮޅަކުން ދާނަންކަމަށް ބުނެ ފޯނު ބޭއްވިއެވެ. ޒޯޔާ ވަރަށް ކަންބޮޑުވެއެވެ.

ކޮޓަރި ދޮރުމަތީގައި ހުރި ޒޯޔާ ބަދިގެއަށް ދިޔައެވެ. އޭރު މިޝްކާ މޭޒުކައިރީ ކާން އިނެވެ. “ޒޯ……އޯކޭތަ އަނެއްކާ” މިޝްކާ ޒޯޔާއަށް ބަލާލަމުން އަހާލިއެވެ. ޒޯޔާ ހިނިތުން ވެލަމުން ރަގަޅޭ ބުނެލިއެވެ. އަދި މިޝްކާ އާއިއެކު ކެއުމުގައި ބައިވެރިވެލިއެވެ. “ކެއުމުގެ މުބާރާތެއްތަ…….ހެހެހެ” ޝާރިޤު ކޮޓަރިއަށް ވަންނަން އައިއިރު މިޝްކާ އާއި ޒޯޔާ ކާމޭޒު ދޮށުން ފެނުމުން ބުނެލިއެވެ. މިޝްކާއަކަށް އެއްޗެއް ބުނެނުލާ ނީދެވުނެވެ. އެހެން ޝާރިޤުގެ އެޖުމްލައަށް އެއްޗެއް ބުނެލިއެވެ.

ގަޑިން ބާރަޖެހިއިރުވެސް ގޭތެރޭގެ އެންމެންހެން އުޅެނީ ހޭލައެވެ. ޒޯޔާ ސިޓިން ރޫމު ސޮފާގައި އިނެވެ. އެތާ ޝާމިން ވެސް އިނެވެ. ޝާމިން ޓީވިން ދައްކަމުން ދިޔަ އިނގިރޭސި ފިލްމެއް ބަލަން އިނެވެ. ޒޯޔާގެ ނަޒަރު ހުރީ ބޭރުދޮރަށް ހުއްޓިފައެވެ. އެދޮރުން ޝާހިޤު ވަންނާނެ އިރެއްގެ އިންތިޒާރުގައެވެ. އިރު ކޮޅަކުން މިއަންނަނީއޭ ބުނި ޝާހިޤުއަށް އެއްގަޑިއިރު ވިއިރުވެސް ނާދެވުނީމައެވެ.

“ކޮއްކޯ……ޒޯ” ޒޯޔާ ޝާމިންއަށް ބަލާލިއެވެ. “ޝާހިޤު ނެތީތަ ގޭގަ” ޝާމިން ކުރި ސުވާލަށް ޒޯޔާ ބޯޖަހާލިއެވެ. ޝާމިން އިތުރު ސުވާލެއް ނުކުރެއެވެ. ނާދިއާ އާއި މަލާކް ބަދިގެ ފަރާތުގައި ހާރުދަމަށް އެއްޗެހި ހެދުމުގައި އުޅެއެވެ. ޒޯޔާ ސޯފާގައި އިންއިރުވެސް ބަދީގޭގައި ތައްޔާރު ކުރަމުންދާ އެއްޗެހީގެ ވަސް ދުވައެވެ. ޓީވިން ޝާމިން ބަލަން އިން ފިލްމު ނިމުމުން އޭނަވަނީ އޭނަގެ ކޮޓަރިއަށެވެ. އޭރު ސިޓިން ރޫމުގައި ޝާރިޤު އާއި މިޝްކާ އައިސް އިނެވެ. އެމީހުންގެ ވަހަކަތަކުގައި ކޮންމެވެސް ވަރަކަށް ޒޯޔާ ބައިވެރިވެއެވެ.

ދޮރުން ވަދެގެން އަންނަ ޝާހިޤު ފެނުމުން ޒޯޔާގެ މޫނުމަތި އުޖާލާވިއެވެ. އެކަކަމު ހިނދުކޮޅެއްގެ ތެރޭ މިލާގެން ދިޔައެވެ. ޒޯޔާ ގަޑިއަށް ބަލާލިއެވެ. އެއްގަޑި ބައިވެ ދޭއްޖަހަނީއެވެ. އަވަސް ފިޔަވަޅުތަކެއްގައި ކޮޓަރިއަށް ވަންނަން ދިޔަ ޝާހިޤުގެ ފަހަތުން ޒޯޔާ ދިޔައެވެ. މިމަންޒަރުބަލަން ޝާރިޤާ މިޝްކާ ތިއްބެވެ. ޒޯޔާ ގެ މޫނުމަތިން ފާޅުވެގެން އެދިޔަ އަސަރުތައް ޝާރިޤަށް ކިތަންމެހާވެސް ރީތިކޮށް ފެނުނެވެ. ޝާރިޤަށް މިފެނުނީ ހަމަރަގަޅަށް ބާއޭ އޭނަގެ ހިތަށްއެރިއެވެ.

ޝާހިޤުގެ ފަހަތުން ޒޯޔާ ކޮޓަރިއަށް ވަނެވެ. “ޝާހިޤު ހާދަ ލަސްވީ ލޯބީ، އައިމިސް ޔޫ ސޯމަޗް” ޒޯޔާ ޝާހިޤުގެ ފަހަތުން އޭނަގެ ގައިގާ ބައްދާލަން މަސައްކަތްކުރިއެވެ. ނަމަވެސް ޒޯޔާ ކައިރިވެލަންވާއިރަށް ޝާހިޤު އަވަސް އަވަހަށް ލައިގެންހުރި އެއްޗެހި ބާލަންފެށިއެވެ. އޭނަ ޒޯޔާއަށް އިތުރު ވާހަކައެއް ނުދައްކައެވެ. ޒޯޔާ އަށް ހަދަންވި ގޮތެއްނޭގިފައި އިރުކޮޅަކު ޝާހިޤަށް ބަލަހައްޓައިގެން ހުރެވުނެވެ. ޝާހިޤު ފާހާނާއަށް ވަދެ ފެންމާގަނޑު ދޫކޮށްލިއެވެ. ޒޯޔާ މަޑުމަޑުން ޝާހިޤުގެ އަންނައުނުތައް ދާވަށިގަނޑަށް އަޅަމުން ދިޔައެވެ. ޝާހިޤު ގެއަށް އައިސް ފެންވަރައިލައިގެން ނުކުމެ ނިދަން އޮށޯތުމުން އޭނައަށް ހުރިހާކަމެއް ހައްލުވީއެވެ. ޒޯޔާގެ ހިތަށްއަރާ އެއްޗިއްސާ، ސިކުނޑީގައި އުފެދެމުންދާ ސުވާލުތަކުގެ ޖަވާބު ދިނުމަކީ މިއަދު ޝާހިޤަށް އެހާ މުހިއްމު ކަމެއް ނޫނެވެ.

ޝާހިޤު ފާހާނާއިން ނުކުމެ ލޯގަނޑުކުރިމަތީހުރެ ރީތިވެލިއެވެ. އަދި ތުބުން ރީތި ރާގެއް އަޅުވާލިއެވެ. “ލޯބީ…….”ޒޯޔާ އެނދުގައި މަޑު މަޑުން އިށީންނަމުން ޝާހިޤަށް ގޮވާލިއެވެ. އޭނައަށް އެއަޑު ނީވުނީކަމެއް ނޫނީ އަޑުއަހަން ބޭނުންނުވީކަމެއް ނޭގެއެވެ. ޝާހިޤު ޒޯޔާއަށް ބަލައެއްނުލިއެވެ. “ޝާހިޤޫ” ޒޯޔާ އަށް ތަންކޮޅެއް ބާރަށް ބުނެލެވުނެވެ. ހިތްހަމަ ނުޖެހިފައިވާ ރާގެއްގައެވެ. ޝާހިޤު ޒޯޔާއަށް ބަލާލީ ހައިރާންވެފައިވާ ނަޒަރަކުންނެވެ. “ކީއްވެތަ ތިހާވަރަށް ޒޯ އިގްނޯރ ތިކުރަނީ، އަހަރެން ޝާހިޤު މަތިން ހަނދާންވާތި، ޝާހިޤު މިސްވެގެން އުޅޭކަން ނޭގޭތަ، ކީއްވެތަ ލޯބި މިހާރު އަހަންނާ އެހާ ދުރީ…….ލޯބި ޕްލީސް އަހަންނަށް ކޮންކަމެއް ކުރެވުނީތަ” އެހިސާބަށް ދިޔައިރު ޒޯޔާއަށް ރޮވިއްޖެއެވެ. އޭނަގެ ލޮލުން ކަރުނަތައް ފައިބަންފެށިއެވެ.

ޝާހިޤު އެނދުގައި އިން ޒޯޔާގެ ކުރިމަތީ ކުޑަކަކޫ ޖަހާލިއެވެ. އަދި ޒޯޔާގެ އިސްޖެހިފައިވާ މޫނު  ޝާހިޤުގެ އަތްތިލާގެ އެހީގައި އޭނަގެ މޫނާދިމާވާ ގޮތަށް އުފުލާލިއެވެ. އޭނައަށް ޒޯޔާގެ ހިތުގައި ޖެހިއްޖެކަމުގެ އިޙްސާސް ކުރެވުނެވެ. އޭނަ ޒޯޔާއަށް އަޅާނުލަނީކީ ނޫނެވެ. އޭނައަށް އެކަން އިހްސާސް ނުކުރެވުނީއެވެ. ޝާހިޤު ޒޯޔާގެ ކޮނޑުގައި ހިފާ ނެގިއެވެ. އަދި އޭނަގެ މޭގައި ޖައްސާލިއެވެ. “އޯ ޒޯ، ދެން ނުރޮއެ ހުއްޓާލާ، ޒޯއަށް އެއްވެސް ކަމެއް ނުކުރެވޭ…އަހަރެން……އަހަރެންނަށް ވަގުތު ހުންނަ ގޮތުން ޒޯޔަށް ޓައިމް ނުދެވެނީ…….ސޮރީ، ވަރަށް ބޮޑަށް ސޮރީ. އަހަންނަށް ޒޯ މާފުކުރޭ………” ޝާހިޤު ޒޯޔާގެ މޫނަށް ބަލާލަމުން ބުނެލިއެވެ. ޒޯޔާގެ މޫނުމައްޗަށް ފަޑުނަމަވެސް ހިނިތުންވުމެއް ވެރިވިއެވެ.

ރަމަޟާން މަހުގެ ދުވަސްތައް ގުނަމުން ދިޔައިރު ޝާހިޤަށް ނައުރީން ކައިރިއަށް ދެވޭވަރު މަދުވިއެވެ. މިކަމުގެ ނަތީޖާއަކަށްވީ ޒޯޔާ އާއި ހިލާފަށް ނައުރީންގެ ޝަކުވާތަށް ކޮންމެ ދުވަހަކު ޝާހިޤަށް އަޑުއަހަން ޖެހުމެވެ. އެއްކޮޅުން ހަޔާތުގެ ބައިވެރިއާއެވެ. އަނެއްކޮޅުން ޝާހިޤުގެ ހިތުގެ ހިތްހަމަޖެހުމެވެ. ޝާހިޤު އޭނަގެ މޭގައި ދެހިތްވާނަމައޭ ހިތަށް އަރާވަރު މަދެއްނޫނެވެ. އޭނަގެ ހަޔާތުގައި ދެމީހުން ގެންގުޅެވޭހާ ލަޔާޤަތްތެރިކަމެއް ނެތެވެ. ފަހަކަށްއައިސް ޝާހިޤު ވިސްނަމުން ދަނީ މިކަމަށް ހައްލެއް ގެންނާނެ ގޮތަކާއިމެދުއެވެ.

ޒޯޔާ އަށް ޝާހިޤު ފަތިހުގެއަށް ވަންނަރޭރޭ ފެންނަން ފެށިއެވެ އޭނަ އެކަމުގެ ޝަކުވާ ކުރާނީ ކާކުކައިރީހެއްޔެވެ. ޒޯޔާއަށް ޝާހިޤުގެ ގާތުގައި އެކަމާގުޅިގެން ވާހަކަދެކެވިއްޖެއެވެ. ޝާހިޤު ޒޯޔާއަށް އޮޅުވާލަމުން ދާކަން ޒޯޔާއަށް ބައެއްކަންތައްތަކުން ފެންނަންވެސް ފަށައިފިއެވެ. ޝާހިޤު ދަންވަރުގެއަށް އަންނައިރު ރޫޖެހިފައިވާ ޓީޝާޓު ނޫނީ ގަމީހުން ނެގޭ ދިގު އިސްތަށީގެ އަދަދު މަދެއްނޫނެވެ. ފަޓުލޫނުގެ ހަރުކޮށްފައި ހުންނަ ގޮއްތަކަށްވަނީ ކިހިނެއްކަމެއް ނޭގެއެވެ. އެނގޭހާވެސް އެއްޗަކީ ގޮއްތަށް މަދުވާ ކަމެވެ. މިފަދަ ކަންތައްތަކުގެ ވާހަކަ ބުނަންއުޅޭ ކޮންމެފަހަރު ޝާހިޤު ހުންނަނީ ޒޯޔާދެކެ ހިތްހަމަ ނުޖެހި ރުންކުރުވެފައެވެ. ބައެއް ފަހަރަށް ބާރަށްވެސް އެއްޗެހި ބުނަންފެށިއެވެ. އެކަމާ ޒޯޔާ ހުންނަނީ ވަރަށް ދެރަވެފައެވެ. އޭނަ ޝާހިޤު ރުޅިއަންނަފަދަ ކަމެއް ކުރާކަށް ބޭނުމެއް ނުވެއެވެ. އެހެންވެ އެވާހަކަތައް ދެއްކުން މަދުކޮށްލިއެވެ.

މިއަދަކީ ޝާހިޤު އާއި ޝާރިޤުގެ އުފަންދުވަހެވެ. ނޮވެމްބަރު މަހުގެ ފަހުކޮޅެވެ. ރޯދަވިއްލުމަށްފަހު ގޭތެރޭގައި އެންމެން އަޑުގަދަކޮށްލާފައި އުޅުނީ ޝާހިޤު އާއި ޝާރިޤުގެ އުފަންދުވަސް ފާހަގަކުރަންށެވެ. ޝާމިން ޝާރިޤުގެ ގައިގާ އޮޅުލައިގަނެގެން ބިސްޖަހަން އުޅެއެވެ. ޝާދިން ޝާހިޤުގެ ގަޔަށް ބިސްޖެހިއެވެ. މިޝްކާވެސް އޭނަގެ ކުޑަކުޑަ ބަނޑާއެކު ދެއަތަށް ބިހެއްލައިގެން އެމީހުންގެ ފަހަތުން މަގުމަތީގައި އުޅޭތަން ފެނެއެވެ. މިމަންޒަރުބަލަން ޒޯޔާ ގޭގެ ދޮރުމަތީ ހުރިއިރު އޭނަގެ މޫނުމައްޗަށް ވެރިވެފައިވާ ހިނިތުންވުމަކީ ގަދަކަމުން އެމޫނަށް ވެރިކުރުވާފައިވާ ހިނިތުންވުމެއްކަން އެނގޭ އެކަކުވެސް ނެތެވެ.

ނާދިއާދެކޭ ގޮތުގައި ޒޯޔާ ފަހަކަށް އައިސް ކުރިއަށްވުރެ ބަސްމަދުވެ މަޑުމައިތިރިވެފައި ހުންނަނީ ވިހަން ގާތްވަމުންދާތީއެވެ. ބަލިވެ އިނުމަކީ އަންހެނަކަށް ވަރަށް ގިނަ އިޙްސާސްތަކެއް ކުރުވާނޭ ކަމެއްކަން ނާދިއާ ޒޯޔާއަށް ވިސްނާދެއެވެ. ޒޯޔާގެ ފަހަތުގައި ރަޔާން އުރާލައިގެން މަގުމަތީގައި ކުދިން އުޅޭގޮތް ބަލަން ނާދިއާ ހުއްޓެވެ. “އޭ ތިކަންތައް ދެން ނިންމަން އުޅޭ ، ތީ މީހުން ހިނގާ މަގެކޭ. އަނެއްކޮޅުން ބައްޕަ ގެއަށް ދުރުވަން އުޅޭނެ، މަލާކް ދަރިފުޅާ ބިސްއެޅިފަ ހުރިތަންތަނަށް ހަނދާންކޮށް ފެންއަޅައްޗޭ…….” ނާދިއާ ގޭދޮށުމީހުންނަށް އުނދަގޫވެދާނެތީ ބުނެލިއެވެ. އޭރު ރޯދަ ވިއްލައިގެން ޅަވަރުގެ ކުދިން ނުކުމެ ބޭރުގައި އުޅޭތަންފެނެއެވެ. އަލިމަނިކު މަޤްރިބު ނަމާދަށް މިސްކިތަށް ދިޔަގޮތަށް އޭރުއަދި ނާދެއެވެ. އަލިމަނިކުގެ ދަތުރު ނިންމާފަ އޭނައަށް އާދެވުނީ ރޯދަމަހުގެ ފުރަތަމަ ހަފްތާ ނިމުނުފަހުންނެވެ.

މިޝްކާ އާއި ޒޯޔާ ވެގެން ޝާހިޤަށް ގޭމީހުން ދިން ހަދިޔާތަށް ގެނެސް ކޮޓަރިއަށް ލިއެވެ. ޝާހިޤު ކޮޓަރިއަށް ވަތްގޮތަށް ގަޑިބަލާލިއެވެ. އޭނަ ޒޯޔާއަށް ސަމާލުކަމެއް ނުދެއެވެ. އަވަސްވެ ގަތީ ފެންވަރާ ތާޒާ ވެލުމަށެވެ. ޒޯޔާއަށް ފުން ނޭވާއެއް ބޭރުކޮށްލެވުނެވެ. ޒޯޔާ ދެރަވިޔަސް އެކަން ޝާހިޤަށް ނުދައްކާވޭތޯ އޭނަ މަސައްކަތްކުރެއެވެ. އެގޮތުން އަލަމާރީގައި ނޫކުލައިގެ ގަނޑަކުން ޕާރުސަލް ކުރެވިފައިވާ ހަދިޔާނެގިއެވެ. ޒޯޔާ އެއަށް ބަލަން ހުއްޓާ ޝާހިޤު ފާހާނާއިން ނުކުތެވެ. ޒޯޔާ ހިނިތުންވެލަމުން ޕާރުސަލް ދިއްކޮލުމަށް ކައިރިވެލިއެވެ. “ތި ބަހައްޓާފަ ނިކަން އަވަހަށް އަހަންނަށް ގަމީހެއް ދީބަލަ………” ޒޯޔާއަށް އެއްޗެއް ނުބުނެވެނިސް ޝާހިޤު ބުންޏެވެ. ޒޯޔާއަށް ހީވީ އޭނަގެ ކަންފަތްމަތީ އެތިފަހަރެއް އެޅިހެންނެވެ. ޝާހިޤު އެއްފަހަރުވެސް އޭނަގެ އަތުގައިވާ އެއްޗަށް ބަލާވެސް ނުލައެވެ. އެއީ ކާކުގެ އެއްޗެއްތޯވެސް އަހާނުލައެވެ. އެދިނުމަށްޓަކައި ރެއިންސުރެ ޒޯޔާ މަސައްކަތް ކުރަނީއެވެ. އެކަމަކު ޝާހިޤަށް މިހާރު ހީވަނީ ޒޯޔާއަކީ އޭނަގެ ކުރިމަތީ އެނބުރޭ މެއްސެއް ހެންނެވެ. އުނދަގޫވެގެން ފޮޅާލާ އުސޫލުން ބޭނުންވަނީ ޒޯޔާވެސް ފޮޅާލަން ކަންނޭގެއެވެ.

ޒޯޔާ ގެ ލޮލުގައި ޖަމާވަމުން ދިޔަ ކަރުނަތަށް ހިންދާލަމުން އަލަމާރިން ގަމިސް ނަގާ ޝާހިޤަށް ދިއްކޮށްލިއެވެ. އޭނަ ސެންޓުޖަހާލަމުން ގަމިސް ލިއެވެ. އަދި ކޮޓަރިން ނުކުތުމަށް ހިނގައިގެތެވެ. ޝާހިޤު ކޮޓަރިން ނުކުތުމުގެ ކުރިން އޭނަގެ ލެޕްޓޮޕް ލާފައި އިން ދަބަހުން އެއްޗެއް ނެގިއެވެ. އަތުގައި އޭތި އަޅާލިއެވެ. އެއީ ރަންކުލައިގެ ގަޑިއެކެވެ. ޒޯޔާ ވަރަށް ހައިރާންވިއެވެ. ޝާހިޤު އައު ގަޑިއެއް ގަތްވާހަކަ ނުބުނުމުންނެވެ. އެވަރު ކުޑަކުޑަ ކަމެއްވެސް ބުނުން މުހިއްމު ނޫނީބާއޭ ޒޯޔާގެ ހިތަށްއެރިއެވެ.

ޒޯޔާ ޝާހިޤު ނުކުމެގެން ދިޔަ ދޮރާދިމާލަށް ބަލަން ހުއްޓެވެ. އަދި މަޑުމަޑުން އައިސް ދޮރުލައްޕާލިއެވެ. ޝާހިޤު އެންމެކުޑަމިނުން ޒޯޔާކައިރީ ދަނީއޭވެސް ނުބުންޏެވެ. ޒޯޔާއަށް އެނދުމަތީ އޭނަ ބޭއްވިގޮތަށް އޮތް ނޫކުލައިގެ ޕާރުސަލަށް ބަލާލެވުނެވެ. ޒޯޔާ އެނދުގައި އިށީނެވެ. އެ ޕާރުސަލް ނަގާ މޭގައި ޖައްސާލިއެވެ. އެއީ އޭނަ ކިހާ ލޯބިން ހޯދާފައިވާ އެއްޗެއްހެއްޔެވެ. އެކަމަކު ޝާހިޤަށް މިއަދު އެ މުހިއްމެއް ނުވިއެވެ. އޭނަގެ ދިރިއުޅުމުގައި މިހާރު ޒޯޔާގެ ބޭނުން ނެތީބާއޭ ޒޯޔާގެ ހިތަށް އެރިއެވެ. މިރޭވެސް އެހާވަރަކުން އެދިޔައީ ކިހާ މުހިއްމު ތަނަކަށްބާއޭ ޒޯޔާގެ ހިތަށް އަރައެވެ.

ޒޯޔާ ތެދުވެ ޕާރުސަލްތައް ކޮޓަރީގައި ހުރި މޭޒުމަތި ބަހައްޓާލިއެވެ. އެކަމަކު އެއީ އޭނަ ޝާހިޤަށް ތައްޔާރުކޮށްފައިވާ ޕާރުސަލް ފިޔަވައެވެ. އެ ނޫކުލައިގެ ކަރުދާހުން ބަންދުކުރެވިފައިވާ ޕެކް ޝާހިޤު ނިދަން އޮންނަ ފަޅީގައި ޒޯޔާ ބާއްވާލިއެވެ.

ރޭގަނޑުގެ އެއްދަން ހުސްވިއިރުވެސް ޝާހިޤު ނާދެއެވެ. ޒޯޔާ އެނދުގައި ދެފަރާތަށް ފުރޮޅިލަ ފުރޮޅިލާ އޮތެވެ. އޮންނާނެ ގޮތެއް ނޭގިގެންނެވެ. މިގޮތަށް އުޅެނިކޮށް ދެގަޑިބައި ތިނެއްޖަހާކަން ހާއިރު ނާދިއާ ހާރުކެއުމަށް ގޮވިއެވެ. އޭރުވެސް ޝާހިޤު ގެއަކަށް ނާދެއެވެ. ފަހަކަށް އައިސް ޝާހިޤު ހާރުކާން ކާމޭޒު ކައިރިއަށް ނާންނަކަން ނާދިއާއަށް ވަނީ ފާހަގަ ކުރެވިއެވެ. “މިރޭވެސް ގޭގަ ނެތީދޯ” ނާދިއާ ޒޯޔާ ގާތު އަހާލިއެވެ. ޒޯޔާ އަށް ކާމޭޒު ދޮށުގައި ތިބި އެންމެނަށް ބަލާލެވުނެވެ. އަދި ނާދިއާއަށް ޖަވާބުދާރީ ވިއެވެ. “ކިހިނެތްތަ މިހާރު އޭނަވެސް އެއުޅެނީ…..އަންހެނުން މީދަ ވިހަން ތައްޔާރުވަނީ” ނާދިއާ އަލިމަނިކު ތައްޓަށް ބަތްއަޅާދެމުން ބުންޏެވެ. ޒޯޔާ ނާދިއާގެ ފަރާތުން އެފަދަ ބަސްތައް އަޑުއިވުމުން ދެރަވެ ލަދުގަތެވެ. އެއީ އެދެމަފިރިންގެ މެދުގައި ހިނގާ ކަންތައްތައް ގޭތެރޭގެ އެހެން މީހުންނަށް އެގެން ބޭނުންނުވާތީއެވެ. އަދިވެސް ޝާހިޤަށްކުރާ ޤަދަރަކުންނެވެ.

ޒޯޔާ ކޮޓަރިއަށްވަދެ އެނދުގައި އޮށޯވެލިއެވެ. އޭނައަށް ޝާހިޤު އަންނާނެ އިރު އެނގެއެވެ. އަދި އައިއްސަވެސް ކޮޓަރިން ބޭރުގައި ބައިގަޑިއިރު ފޯނުކޯލެއްގައި ހޭދަކުރާނެއެވެ. ކާކުގެ ކަމެއް ނޭގެއެވެ. ހުރިހާ ވާހަކައެއް އަހާލާހާ ހިތްވަރު އަދި ޒޯޔާގެ ގައިގާ ނެތީއެވެ. ޝާހިޤު ދެކެ އެވަރަށް ލޯބިވާތީއެވެ. ލޯތްބަކީ އިންސާނާ ބަލިކަށި ކުރުވާ އެއްޗެއްކަންވެސް ޒޯޔާއަށް އެނގުނީ މިއަދުއެވެ.

“އަހަރެން ނައުރީން ދެކެ ލޯބިވެއޭ ބުނެފިއްޔާ…..” ޝާހިޤުގެ މޭމަތީ އޮތް ނައުރީންގެ އަތުގެ އިގިލިތަކާ ކުޅެމުން ޝާހިޤު ބުނެލިއެވެ. އޭނަގެ ހިތްވަނީ ނައުރީންގެ ބީހުންތަކަށް ފިދާވެފައެވެ.

ނައުރީން ލަދުރަކިކަމާއިއެކު ހީލިއެވެ. “ކިހިނެތްވީ، ނައު އަހަރެންދެކެ ލޯތްބެއް ނުވޭތަ؟” ޝާހިޤު އަނެއްކާވެސް ސުވާލު ތަކުރާރު ކޮށްލިއެވެ. ނައުރީން ތެދުވެގެން ބެލްކަންޏާ ދިމާލަށް ހިނގައިގަތެވެ. ޝާހިޤު ވެސް އޭނަގެ ފަހަތުން ދިއުމަށް އަވަސްވެގަތެވެ. ނައުރީން ބެލްކަންޏަށް ނުކުމެ ވަށައިގެން ނަޒަރުހިންގާލިއެވެ. ތެތް ފިނިކަމެއް އެކުލެވިފައިވާ ފަޒާގައިވަނީ ހަމަހިމޭންކަންފެތުރިފައެވެ. އެހަމަހިމޭންކަމުގެ ތެރެއިން ޖެހެމުންދާ ވައިރޯޅީގެ އަޑު ކަންފަތުގައި ހަރުލަމުން ދިޔައެވެ. އެ ވައިރޯޅިތައް އައިސް ނައުރީންގެ ގައިގާ ބީހިލާ ކޮންމެފަހަރަކު އެތެރެހަށީގައި ނޭގޭ ކަރަންޓެއް ދުވެލައެވެ. ނައުރީން ސިހިގެން ދިޔައީ ޝާހިޤު ފަހަތުން އޭނަގެ ގައިގާ ލައްވެލުމުންނެވެ. ޝާހިޤު ނައުރީންނަށް އޭނަގެ އަތުގެ ތެރެއިން ދެމިގަނެގެން ނުދެވޭނޭފަދަ ގޮތަކަށް ބެލްކަނީގައި ހިފަހައްޓާލިއެވެ.

“ދެން ބުނެބަލަ……މިރޭ ނުދާނަން ޖަވާބު ނުލިބެނިސް” ޝާހިޤު ބުނެލިއެވެ. “އެހެންވީރު ދެނެއް ޖަވާބެއް ނުދޭނަން….އަހަރެން ބޭނުންވަނީވެސް ތިގޮތް، ޝާހިޤު އަހަރެންނާއެކު ހުރިހާ ވަގުތެއް ހޭދަކުރަން” ނައުރީން ހީލަމުން ބުނެލިއެވެ. ޝާހިޤަށް އެގޮތަށް ނުހުރެވޭނެކަން ހަނދާންވުމުން އޭނަގެ މޫނުމަތީގައި ހުރި އުފާވެރިކަން ގެއްލިއްޖެއެވެ. “ނައު……އިނގެއެންނު ތިހިނެއް ނުވާނެކަން…….ދެން އޯކޭ ޖަވާބު ނުދިނަސް، އަހަރެން ދެކޭނީ ނައު އަހަރެންދެކެ އެއްވެސް ވަރަކަށް ލޯބި ނުވަނީކަމަށް” ޝާހިޤު ނައުރީންނާއި ދުރަށްޖެހިލަމުން ބުނެލިއެވެ. ނައުރީން އަވަސް އަވަހަށް ޝާހިޤު އާއި ކުރިމަތި ލިއެވެ. “ޝެގީ…….އަހަރެން ޝެގީއާ ހެދިގެން މިހާވަރުން އުޅޭއިރުވެސް ޝެގީއަށް ޝައްކުވަނީތަ އަހަރެން ލޯބިނުވާކަމާއިމެދު؟” ނައުރީން ޝާހިޤުގެ އަތްތިލާގައި ދެއަތުން ހިފާލަމުން ބުނެލިއެވެ. ޝާހިޤު ނައުރީންގެ މޫނުގައި ބޮސްދިނެވެ. އޭނައަށް ނައުރީންދެކެ ލޯބިވެވިއްޖެއެވެ. އޭނައަށް ނައުރީންނާ ދެން ވަތްކެއްނުވެވޭނެއެވެ. އެހެން އަންހެން ކުދިންނާއި ނައުރީން ތަފާތެވެ.

ޝާހިޤު ގެއަށް އައިސް ވަތްއިރު ގޭތެރެއޮތީ ފަޅުކޮށެވެ. ހީވާގޮތުން އެންމެން އެމީހެއްގެ ކޮޓަރިއަށް ވަދެ ނިދީއެވެ. އެހެންވެ ގެއަށްވަންނަ ވަގެއްފަދައިން މަޑުމަޑުން ފައިއަޅަމުން އޭނަގެ ކޮޓަރިއާހަމައަށް ދިޔައެވެ. ޝާހިޤު ކޮޓަރިއަށް ވަދެލައިޓު ޖައްސާލިއެވެ. އޭރު އެނދުގައި ނިދާފައި އޮތް ޒޯޔާފެނުނެވެ. އޭނާ އަރިއަކަށް އަރާމުނިންޖަކުން ނިދާލާފައި އޮތްއިރު އޭނަގެ އެއްއަތް އޮތީ ޕާރުސަލްމަތީގައެވެ. ޝާހިޤު މަޑުމަޑުން އައިސް ފާހާނާއަށް ވަދެ ފެންވަރާލައިގެން ނުކުތެވެ.

“ޒޯ…..ޒޯޔާ….”ޝާހިޤު ޒޯޔާއަށް މާގިނައިރަކު ގޮވާކަށް ނުޖެހުނެވެ. ޒޯޔާ ލޯހުޅުވާލިއިރު ކޮޓަރިތެރެ އަލިގަދަކަމުން ލޮލުގައި އަތްހާކާލެވުނެވެ. އަދި މަޑުމަޑުން ޒޯޔާ ތެދުވެ އެނދުގައި އިށީނެވެ. “ޒޯ…..ވަރަށް އަވަހަށް ހިނގާބަލަ މަށަށް ކާން ހަދަން” ޝާހިޤު ބުނެލިއެވެ. ޒޯޔާ ހިނގައިގަތީ ޝާހިޤު އަށް ކާންހެދުމަށެވެ. ކޮޓަރިން ނުކުންނަމުން ގަޑިބަލާލިއެވެ. އޭރު ހަތަރުގަޑި ފަނަރަހިގަނީއެވެ. ޝާހިޤުއަށް ކެއުމަށް ދެންއޮތީ އެންމެ ފަނަރަމިނެޓެވެ.

ޝާހިޤު ކާމޭޒު ކައިރީ އިށީނުމުން ޒޯޔާ އެއްޗެއްހި ތައްޔާރުކުރަންފެށިއެވެ. ޒޯޔާ ހުރީ ހިތްހަމަ ނުޖެހިފައެވެ. އެހެންވެ ކޮންމެހެން ބުނަންޖެހޭ އެއްޗެއް ނޫން އިތުރުއެއްވެސް އެއްޗެއް ނުބުނެއެވެ. ޒޯޔާ ޝާހިޤަށް ތަށިތައް ތައްޔާރުކޮށް ކާންފެށުމަށް ބުންޏެވެ. އަދި އައިސް އަލަމާރި ހުޅުވާލާފަ ފަނި ފުޅިނަގަން ގުދުވި ވަގުތު ޝާހިޤަށް ފޯނެއް އައެވެ. ޒޯޔާ އެކަމަށް ސަމާލުކަން ނުދިނުމަށް މަސައްކަތްކުރިއެވެ. ނަމަވެސް އޭނަގެ ކަންފަތަށް އަޑުނީވޭގޮތް ހަދާނީ ކިހިނެތްހެއްޔެވެ. ޒޯޔާ ފަނިއަޅާދިނުމަށްފަހު ޝާހިޤުގެ ކުރިމަތީ އިންގޮޑި ދަމާލައިފައި އިށީނެވެ. ޝާހިޤުއަށް އެގޮތެއް ކަމަކު ނުދިޔައެވެ. ޒޯޔާ އިނުމުގެ ސަބަބުން އޭނަ ފޯނުން ދައްކަން ބޭނުންވާ ވާހަކައެއް ނުދެއްކެއެވެ. “ޝާހިޤު…..ބަލަ ޝާހިޤު ކާންހެދީމަ ކޮންތާކަށްތަ ތިދަނީ…….ދެން ނެތޭ އެހާއިރެއް ބޭނުން އިރަކުން ކާކަށް…….” ޝާހިޤު ތެދުވުމުން ޒޯޔާ ބުނެލިއެވެ. “މަޑުކޮށްބަލަ……” ޝާހިޤު ޒޯޔާއަށް ބުނެލިއެވެ. އަދި ފޯނުން ވާހަކަދައްކަން ފެށިއެވެ. މިގަޑީގަ އެގުޅާމީހަކަށްވެސް ހަމަ ސާބަހޭ ޒޯޔާ ހިތަށްއެރިއެވެ. ޝާހިޤު ކާންވެސް ވާނެކަން އޭނައަށް ނޭގެނީބާއޭ ޒޯޔާ ހިތަށްއެރިއެވެ. “ޝާހިޤު ބުނީމައެންނު ކާން ހަދާފަ މިހިރީ……ދެން އާދެބަލަ ކާން، ތިފޯނު އެހަށް ބާއްވަންވީނުދޯ” ޒޯޔާއަށް ހިތްހަމަނުޖެހިފަ ހުރިވަރުން ބުނެވުނީ ތަންކޮޅެއް ހަރުކަށިކޮށެވެ. އެއީ އޭނަ ޝާހިޤުއާއި މުހާތަބު ކުރަން ބޭނުންވާގޮތެއް ނޫނެވެ. އެހެނަސް ލިބިފައިވާ މޮޅިވެރިކަމެއްގެ ސަބަބުން އެފަދަ ގޮތަކަށް ބުނެވުނީއެވެ. ޝާހިޤު ފޯނަށް ކުއްލިއަކަށް ބަލާލިއެވެ. ނައުރީން ފޯނު ބޭއްވުމުންނެވެ. އޭނަ ދެތިންފަހަރަކު ގުޅޭތޯ މަސައްކަތް ކުރިއެވެ. އެކަމަކު ނުގުޅުނެވެ. ނައުރީން އޭނަގެ ފޯނު ނިންވާލީއެވެ.

ޝާހިޤު ޒޯޔާއަށް ބަލާލީ ރުޅިވެރި ނަޒަރަކުންނެވެ. “އަހަރެން މަޑުކުރާށޭ ބުނީމަ ޒޯޔާ ޖެހޭތަ ތިހާބާރަށް ވާހަކަދައްކަން، ބުނަން، މިހާރު އަހަރެން ކާހިތްކެނޑިއްޖެ…..ދެން ކާކަށްވެސް ބޭނުމެއްނޫން” ޝާހިޤު ޒޯޔާގެ ކައިރިއަށް ޖެހިލަމުން ދަތްކުނޑިވިކާލަމުން ބުނެލިއެވެ. އޭނަ ބުނިއެއްޗެއް ބުނީ ވައިއަޑުންނެވެ. ޒޯޔާއަށް އެކަނި އަޑުއިވޭ ވަރަށެވެ. “ނުބުނައްޗޭ ދެން އެއްޗެކޭ…….” ޒޯޔާ އެއްޗެއް ބުނަން އަނގަހުޅުވާލިތަނާ ޝާހިޤު ބުނެލިއެވެ. އަދި އަވަސް ފިޔަވަޅުތަކެއްގައި ކޮޓަރިއަށްވަނެވެ.

ޒޯޔާ ތަށިތައްނަގަމުން ދިޔައެވެ. އޭނަގެ ދެލޯ ވަނީ ކަރުނުންފުރިފައެވެ. ކޯތާފަތް ތެތްމާލަމުން ވެއްޓޭކަރުނައަކީ ޒޯޔާގެ އަމިއްލަ ބާރު ނުފޯރާ ކަރުނަ ތިކިތަކެވެ. ތަށިތައްލުމަށްފަހު ގޮޑީގައި ޒޯޔާއަށް އިށީދެވުނެވެ. އަދި މޭޒުގައި އަތްއަޅުވާލައިގެން، އަތްމަތީ އަރިއަކަށް ބޯ ބާއްވާލައިގެން އިނެވެ. ގަޑިން ވީއިރު އެނގުނީ ނާދިއާ އާއި އަލިމަނިކުގެ ކޮޓަރި ދޮރުހުޅާފައި ލެއްޕިއަޑަށެވެ. އަލިމަނިކު ފަތިސް ނަމާދަށް ދާން ނުކުތީއެވެ. ދެން މާގިނައިރެއްނުވެ ގޭގެ އެހެން ކުދިންވެސް ނިކުންނާނެއެވެ.

ޒޯޔާ އަތުގެ ނުފުށުން ލޯފޮހެލުމަށްފަހު ކޮޓަރިއަށް ވަނެވެ. ޒޯޔާ އެނދާކައިރިވުމާއެކު ޝާހިޤު އަނެއްފަރާތަށް އެނބުރުނެވެ. އެކަމަކު ޒޯޔާ އޮށޯތީ ޝާހިޤަށް ކުރިމަތި ލައިގެންނެވެ. އެއްފަހަރު ނަމަވެސް ރުޅިމަޑުކޮށް ޒޯޔާއަށް ބަލާލާތޯއެވެ. އެއްފަހަރު ލޯބިން އެއަތުތެރެއަށް ލާތޯއެވެ. ޒޯޔާގެ ބޮޑުވެފައިވާ ބަނޑުގައި ލޯބިން ފިރުމާލާތޯއެވެ. އުއްމީދު ކުރަމުންދިޔަ ހާލުގައި އޮވެ ޒޯޔާއަށް ނިދުނީއެވެ. ޝާހިޤު އެނބުރިލާ ޒޯޔާއަށް ބަލާލާނަމޭވެސް ހިތަށް ނާރައެވެ. އޭނަ އޮތީ ނައުރީން ފޯނު ކަނޑާލުމުން ހިތްހަމަނުޖެހިފައެވެ. އެހުރިހާކަމަކީވެސް ޒޯޔާގެ ކަންތައްކަމުގައި ޝާހިޤު ނިންމިއެވެ. އޭނައާއި ނައުރީންނާއި މެދުވާ ހުރަހަކީ ޒޯޔާއެވެ. އޭނަގެ ޢާއިލާވެސް އިސްކުރާނީ ޒޯޔާކަން ޝާހިޤަށް އެނގެއެވެ.

ކުޑަކުޑަ ވަގުތުކޮޅަކު ނިދުމުންނާއި ރޭގައި ހާރު ނުކައި ހުރުމުން ޝާހިޤު ދައްކަނީ ވަރަށް ވަރުބަލިކޮށެވެ. އޭނަ އޮފީހަށް އެހެން ދުވަސް ދުވަހަށްވުރެން އަވަހަށް ދިޔައެވެ. ޒޯޔާ އާއި އެއްވެސް ވާހަކައެއް ނުދައްކައެވެ. ޒޯޔާއަށްވެސް ދައްކާނި ކޮންވާހަކައެއްކަމެއް ނޭގުނެވެ. ބުނެވޭ ކުޑަކުޑަ އެއްޗަކުން ޝާހިޤު އިތުރަށް ރުޅިގަދަވެދާނެތީއެވެ.

ޝާހިޤުއަށް އޮފީހުގެ މަސައްކަތްތަކަށް މާބޮޑު ސަމާލުކަމެއް ނުދެވުނެވެ. އޭނަ ބޭނުންވަނީ ނައުރީންގެ އަޑުއަހާލަންށެވެ. ނަމަވެސް އޮފީސް ނިމުނުއިރުވެސް ނައުރީންނާ ގުޅޭގޮތެއް ނުވިއެވެ. ޝާހިޤު ރޯދަ ވިއްލުމަށްފަހު ނުގުޅިއްޖެނަމަ ނައުރީން ކައިރިއަށް އެގެއަށް ދިއުމަށް ހިޔާލުކުރިއެވެ.

އޮފީސް ނިމުމުން ގެއަށް އަންނަން ބޭނުންނުވެފައިން ޝާހިޤު ގެއަށް އަންނަން ނިކުތެވެ. އޭރު ހަވީރު ފަހެއްވެސް ޖަހައިފިއެވެ. ގެއަށް ވަދެވުނުއިރު ސިޓިންރޫމުގައި ޓީވީ ބަލަން އެންމެންތިއްބެވެ. “ދަރިފުޅު ޝާހިޤު، ހާދަ ލަސްވީ” ނާދިއާ ޝާހިޤަށް ބުނެލިއެވެ. ޝާހިޤު ނާދިއާއަށް ޖަވާބު ދިނުމަށްފަހު ކޮޓަރިއަށް މިސްރާބުޖެހީ ޒޯޔާއަށް ބަލާވެސް ނުލައެވެ. ޒޯޔާ ވަރަށް ދެރަވިއެވެ. ކޮންމެ ގޮތެއްވިޔަސް ޒޯޔާ އަށް ޝާހިޤު ރުޅިމޫނު ހަދައިގެން ވާހަކަނުދައްކާ ހުރުންވީ ޒޯޔާގެ ހިތަށް ލިބޭ އިތުރު ވޭނަކަށެވެ. އެހެންވެ ޒޯޔާ އަމިއްލައަށް ކުރެވުނު ކަމަކަށް މާފަށްއެދެން ބޭނުންވިއެވެ. އަދި އޭނައަށް ޒޯ އޭ ކިޔާ ގޮވާލާއަޑުއަހަން ބޭނުންވިއެވެ. ނަމަވެސް އެވަގުތު ދާކަށް ނުކެރުނެވެ. ރޯދަ ވިއްލައިގެން އެކަމާ ވާހަކަދައްކަން ޒޯޔާ ނިންމިއެވެ. އެއީ އޭރުން ޝާހިޤު ފަހަރެއްގައި ރުޅިމަޑުވެފައި ހުރެދާނެކަމަށް ހީކޮށެވެ.

ޝާހިޤު ކޮޓަރިއަށް ވަތްގޮތަށް ނުނުކުމެއެވެ. ރޯދަ ވިއްލާގަޑިއަށް އެންމެން މޭޒުކައިރީ އިށީދެ ތިއްބެވެ. “ޒޯ، ދަރިފުޅު މިއަދު ޝާހިޤަށް ރޯދަ ވިއްލަންވެސް ނުގޮވަނީތަ……” ނާދިއާ ޒޯޔާ ގާތު ޝާހިޤަށް ގޮވުމަށް ބުންޏެވެ. ޒޯޔާ މަޑުމަޑުންގޮސް ކޮޓަރި ދޮރުހުޅުވާލިއެވެ. ޝާހިޤު އެނދުގައި އޭނަގެ ނިތުގައި އެއްއަތް ބާއްވާލައިގެން އޮތެވެ. ފެންނަ ފެނުމުގައި އޭނައޮތީ ފިކުރެއްގައެވެ. އެނދުމައްޗަށް އޭނަ އޮފީހަށް ލައިގެން ދިޔަ އެއްޗެހި އުކާލާފައިވެއެވެ. ޒޯޔާ އެނދުކައިރީ ހުއްޓިލަމުން ރޯދަ ވިއްލަން އައުމަށް ބުންޏެވެ.  ޝާހިޤު އެއްވެސް އެއްޗެއް ނުބުނެ ތެދުވުމުން ޒޯޔާ ހިނގައިގަތީ ކޮޓަރިން ނުކުތުމަށެވެ.

މަޤްރިބު ނަމާދަށް އަލިމަނިކު ދިޔައިރު އޭނާއާއެކު ފިރިހެންދަރިން މިސްކިތަށް ނުދާތީ އެކަމާ ނާދިއާ ނުރުހުން ފާޅުކުރިއެވެ. “ދެން ބައްޕައާއިއެކު ދިޔަނަމަ ކީއްތަވާނީ………” ނާދިއާ ބުނެލިއެވެ. އެންމެން ރޯދަވިއްލަން ފެއްޓިއެވެ. ނާދިއާ ކުދިންނާއެކު ކާމޭޒު ދޮށުގައި އިނެވެ. ކުޑަކުޑަ ރަޔާން އިނީ ނާދިއާގެ އުނގުގައެވެ. “ދަރިފުޅުމެން އަދި ތިއުޅެނީ ރަގަޅަކަށްނޫން……..މިހާރު ދެން ކުރީގަގޮތަކަށް ބައްޕައަކަށްވެސް ތިކުދިންގެ އަތުގައި ހިފައިގެން ނަމާދަށް ގޮވައިގެނެއް ނުދެވޭނެ، ގައިމު މަންމަ ތިކުދިންނަށް ރަގަޅު ތަރުބިއްޔަތަކާ ރިވެތި އަޚްލާޤެއް ދަސްކޮށްނުދެނީކީ ނޫން…….މިހެން ބުނީމައޭ މިހަނދާންވީ…….މީދަ ޝާހިޤުވެސް އެބަ އިނދެއެންނު މަޑުމަޑުން……..” ނާދިއާ ޝާހިޤަށް ބަލާލިއެވެ. ޒޯޔާ ސިހިފައި ނާދިއާއަށް ބަލާލިއެވެ. ނާދިއާ ދައްކަފާނެ ވާހަކައަކުންނެވެ. އެކަމުގެ ސަބަބުން ޝާހިޤު އިތުރަށް ރުޅިގަދަވެ ޒޯޔާގެ ޕްލޭނަށް ބުރޫއަރާފާނެތީއެވެ.

“ޝާހިޤު، ދަރިފުޅު އަދި ތިއުޅޭ ގޮތެއް މަންމައަކަށް ރަގަޅެއް ނޫން………އޮފީހުގަ ނޫޅެންޏާ ބޭރުގަ، ދަރިފުޅު ގޭގަ މަޑުވާއިރެއް މަންމަ މިހާރަކު ނުދެކެން………އަނެއްކާ ހާރުކާންވެސް އަންނަނީކީ ނޫން…….ތިހެން އުޅޭކަށް ނުވާނެއެންނު. މަންމަ ބުނީމެންނު ކުރިންވެސް ޝާހިޤު ގާތު ޒޯޔާ ބަލިވެ އިނުމުން އޭނައަށް އެންމެ މުހިއްމު ވާނީ ދަރިފުޅުގެ އެހީތެރިކަމޭ……ދެން ހާރުކާން ވާއިރަށް އަންނާތިކޮންމެސް، މަންމަ ބޭނުމެއްނޫން މީގެ ފަހުން ދަރިފުޅު ދަންވަރު އެއްގޮތަކަށްވެސް ބޭރުގަ އުޅޭކަށް” ނާދިއާ ވާހަކަދައްކަމުން ދިޔައިރު ޒޯޔާއަށް ބެލެނީ ކޮންމެމީހެއްގެ މޫނަށެވެ. ޝާމިން އެންމެ ދޮށީ ކުއްޖާގެ މަގާމުގައި ހުރެ ޝާހިޤުއަށް ނަސޭހަތްތެރިވިއެވެ. އެންމެންގެ ކަޅިތަށް ޒޯޔާ އާއި ޝާހިޤަށް ހުއްޓެމުން ދާއިރު ޝާހިޤުގެ މޫނު ފެނިފައި ޒޯޔާ ތުރުތުރު އަޅައިގަތެވެ. ރުޅިވެރިކަމުގެ އާވީ މޭޒުގެ އަނެއްފަރާތުގައި އިން ޒޯޔާއަށް އިހްސާސްވާ ކަހަލައެވެ.

ރޯދަ ވިއްލުމަށްފަހު ޝާހިޤު ބެލީ އަވަސް އަވަހަށް ކޮޓަރިއަށް ވަދެވޭތޯއެވެ. ޒޯޔާއަށް އޭނަގެ އަރުތެރެއިން ކާއެއްޗެއް ނުދިރުނެވެ. ޝާހިޤުގެ ފަހަތުން ބެލީ އަވަހަށް ކޮޓަރިއަށް ވަދެވޭތޯއެވެ. ޝާހިޤުއަށް ޒޯޔާ ފަހަތުން އަންނަކަން އެނގުނީކަންނޭގެއެވެ. ޒޯޔާ ކޮޓަރިއަށް ވަތްއިރު އޭނަ ހުރީ ދޮރުން ތިންވަރަކަށް ފިޔަވަޅު ދުރުގައެވެ. “ސޮރީ…….” ޒޯޔާ ދޮރުލައްޕާލަމުން ޝާހިޤުގެ އަތުގައި ފަހަތުން ހިފިއެވެ. “ދެން ކޮން ސޮރީ އެއް، ޒޯޔާ އަހަރެންގެ މަންމަ ކައިރީ އެއްވެސް އެއްޗެއް ބުނާކަށް ނުޖެހޭނެ…….” ޝާހިޤު ޒޯޔާގެ އަތްފޮޅުވާލިއެވެ. “ޝާހިޤު އަހަރެން އެކަކުކައިރީ އެކައްޗެއްވެސް ނުކިޔަން……އަހަންނަކީ އެކަހަލަ މީހެއްނޫނޭ…..ޕްލީސް ޝާހިޤު….” ޒޯޔާ ޝާހިޤުގެ އަތުގައި އަނެއްކާވެސް ހިފަން މަސައްކަތްކުރިއެވެ. “މަގޭ ގައިގަ އަތްލާނެކަމެއް ނެތް” ޝާހިޤު ޒޯޔާގެ މުލައްދަޑީގައި އަޅާކޮއްޕާލިއެވެ. ނުވިސްނާ ހުރި ޒޯޔާ އަރިއަކަށްގޮސް އޭނަގެ އެބޮޑުބަނޑު ޖެހުނީ ކޮޓަރީގައި ހުރި މޭޒުގެ ކަނުގައެވެ. “އައްދޯއި……….ޝާހިޤޫ….އައްދޯއި މަގޭ ބަނޑު” ޒޯޔާއަށް ވީތަދުން ދެކަކޫ މައްޗަށް ވެއްޓުނެވެ. ޒޯޔާ ބަނޑުގައި ބާރަށް ދެއަތުން ހިފަހައްޓާލައިގެން އިންއިރު އޭނައިނީ ވީތަދުން ރޮއެގަންނަންވެސް ނޭގިފައެވެ.

ޒޯޔާގެ ބަނޑަށް ވާތަދުން އިނީ ނުތެދުވިފައެވެ. ޝާހިޤަށް އެހީއަކަށްއެދި ގޮވާލުމަށް މަސައްކަތް ކުރިއެވެ. އެހެނަސް ދެލޯ ތަގުޅިކުރަމުން ޒޯޔާއަށް ދެތުންފަތް ފިއްތާލެވުނީއެވެ. ކައިރީގައި ހުރި ޝާހިޤު ހިގައިގަތީ ކޮޓަރިން ބޭރަށް ދިއުމަށެވެ. ޝާހިޤު ހީކުރީ ޒޯޔާ އޭނަގެ ސަމާލުކަން ހޯދަން މަސައްކަތްކުރަނީ ކަމަށެވެ. އެހެންވެ އެމަންޒަރު ނުބަލަން އަވަހަށް ނުކުމެގެން ދިޔައީއެވެ.

ޒޯޔާއަށް އިންތަނުން ގުޑާލެވުނީވެސް ބައިގަޑިއިރަށްވުރެ ގިނައިރު ވީފަހުންނެވެ. ތެދުވެވުމުން އަވަހަށް ބެލީ އެނދުގައި އޮށޯވެވޭތޯއެވެ. މަޑު ތަންމަތީގައި ޒޯޔާ އޮތްއިރު އޭނަގެ ބަނޑުގައި ފިރުމަމުން ދިޔައެވެ. އަދި ޝާހިޤު ހެދިގޮތާއި ދޭތެރޭ ވިސްނުނެވެ. ޝާހިޤުގެ ޢަމަލުތައް އެހެން ހުންނަންވި ސަބަބެއް ޒޯޔާއަކަށް ނޭގުނެވެ. އަނެއްކާ ޝާހިޤު އެންމެކުރިން އުޅެމުން ދިޔަ ގޮތަށް ބަދަލްވަނީބާއޭ ޒޯޔާގެ ހިތަށްއެރިއެވެ. ޝާހިޤު މިހާރުވެސް ރީތިހާ މާތަކަށް ތިރިކޮށް ފޮނިބޮނީތޯ ޒޯޔާގެ އަމިއްލަ ނަފްސާ ސުވާލުކޮށްލެވުނެވެ. އެހެނީ އޭނަގެ އަންނައުނުންވެސް ބައެއްފަހަރު ފެންނަ ކަންތައްތަކުންވެ. އެކަމަކު އެކަމާ އެއްބަހެއް ނުވެވުނެވެ. އެހެނީ ޒޯޔާ އާއި ދެވަނަފަހަރަށް ޝާހިޤު ރައްޓެހިވީ އެފަދަ ކަމެއް ނުކުރާނަންކަމަށް ވަޢުދުވަމުންނެވެ. އަދި ކައިވެނީގެ ދުވަސްތައްވެސް ވީ އުފާވެރި ދުވަސްތަކަކަށެވެ. ޒޯޔާ ބަލިވެ އިނުމުންވެސް އެންމެ އުފާވީ ޝާހިޤެވެ. ވީއިރު ޝާހިޤު ޒޯޔާގެ މަތިން ފޫހިވާންވީ އެއްވެސް ސަބަބެއް ޒޯޔާއަކަށް ނުވިސްނުނެވެ.

ޒޯޔާގެ ލޮލުގައި އެދުކައިރީގައި ހުރި ކުޑަކަބަޑުގެ މަތީއިން ޕާރުސަލް އަޅައިގަތެވެ. އެއީ ޝާހިޤުއަށް އޭނަގެ އުފަންދުވަހަށް ޒޯޔާދިން ހަދިޔާއެވެ. އެކަނޑަން ޝާހިޤު ހިތަށްވެސް ނާރައެވެ. މަޑުމަޑުން ވަރަށް ހާލުން ޒޯޔާ ތެދުވިއެވެ. އަދި އެޕާރުސަލް ނަގާ އަލަމާރީގައި ޝާހިޤުގެ އެއްޗެހި ހުރިތަނުގައި ބައިންދާލިއެވެ. ޝާހިޤު އެ ފެނިގެން ކަނޑާފާނެ ކަމުގެ އުއްމީދުގައެވެ. އަލަމާރި ލައްޕާލުމުގެ ކުރިން ޒޯޔާއަށް އެޕާރުސަލަށް އަސަރުން ފުރިގެންވާފަދަ ނަޒަރަކުން ބަލާލެވުނެވެ. ލޮލުގައިވާ ކަރުނަތައް ހިންދާލީ އެހާއަވަހަށް ރޯކަށް ނުވާނޭކަން ހިތައް ވިސްނާދެމުންނެވެ. ދިރިއުޅުމުގައި ދިމާވާ ކަންތައްތަކުގައި ހިތްވަރުގަދަ ކުރަންވާނެކަން އަމިއްލަ ނަފްސަށް ވިސްނާދިނެވެ.

މިޝްކާ ޒޯޔާ ހޯދުމަށް އެކޮޓަރީގައި ޓަކިޖެހިއެވެ. ޒޯޔާ ތަރާވީސް ގަޑީގަވެސް ނުފެންނާތީއެވެ. މިޝްކާ ދޮރު ހުޅުވަންދެން މަޑެއްނުކުރިއެވެ. ތަޅުގާ ހިފާލިއިރު ހުޅުވާފައި ހުރުމުން ކޮޓަރިތެރެއަށް ދެމިގަތެވެ. އޭރު ޒޯޔާއަށް އެނދުން ކިރިއާ ތެދުވެވުނީއެވެ. “ޒޯ، ބަނޑަށް ތަދުވަނީތަ” މިޝްކާ އަށް ޒޯޔާ ހުރިގޮތުން ހުއްޓުން އެރިއެވެ. “ކުޑަކޮށް، އެވަރު ކަމެއް ނޫނޭ އެއީ، މިޝްތަ އާދޭ އިށިންނަން…..” ޒޯޔާ އެނދުގައި އިށީނެވެ. “ނޫން…….ނޫން، މަންމަ ގާތު ބުނަންވާނެއެންނު، ޒޯ ނުބުނަންދޯ އެކަކު ކައިރީވެސް. ކޮބާ ޝާހިޤު ކޮއްކޮ. ޔަގީން އޭނައަށްވެސް ނޭގޭނެކަން” މިޝްކާ ނާދިއާ ކައިރީ ބުނަން ހިޔާލުދިނެވެ. “މިޝްތާ، ޒޯ މިބުނީނު އެއީ އެވަރުކަމެއް ނޫނޭ، ދެން މިތާ އިށީދެބަލަ. ޝާހިޤުވެސް ނޫޅެއޭ ގެއަކު” ޒޯޔާ އެކަކަށްވެސް އަންގާކަށް ބޭނުމެއް ނުވިއެވެ. މިޝްކާ ނާދިއާ ގާތު ނުބުނެ ހިތްހަމައެއް ނުޖެހުނެވެ.

ހާރުދަމަށް އެއްޗެހި ހަދަން އުޅުނު ނާދިއާ ބަލާލީ މިޝްކާގެ އަޑުއިވިގެންނެވެ. “މަންމާ……މަންމާ، ޒޯ…………އަޅުގަނޑަށް ހީވަނީ ޒޯގެ ބަނޑަށް ވަރަށް ތަދުވާތިހެން އުޅެނީ……..އެހީމަ ބުނީ އެހާބޮޑަކަށް ތަދެއް ނުވެޔޯ، އެވަރުކަމެއް ނޫނޯ” މިޝްކާ ކަންބޮޑުވެފައި ބުނެލިއެވެ. ނާދިއާގެ މޫނުމަތިންވެސް ކަންބޮޑުވުން ފާޅުވިއެވެ. ފެން އަޅަން ހުރި ޖަގު ބަހައްޓާފައި ޒޯޔާގެ ގާތަށް ދިއުމަށް އަވަސްވެގަތެވެ. މިޝްކާ މަލާކްގެ ކޮޓަރިއަށް ހިނގައިގަތެވެ. ނާދިއާގެ ފަހަތުން މިޝްކާ އާއި މަލާކް ވަދެގެން އައިއެވެ. “ދަރިފުޅު…….” ނާދިއާ ޒޯޔާގެ ގާތަށް ޖެހިލަމުން ބުންޏެވެ. ޒޯޔާ ހިނުތުންވެލިއެވެ. “ކިހިނެތްތަވީ ޒޯ، ބުނެބަލަ……….ކިރިއާކަމެއްވިޔަސް ޑޮކްޓަރަށް ދައްކަންވާނެ މިހާރު” މަލާކް ޒޯޔާގެ ބަނޑުގައި އަތްޖައްސާލިއެވެ. “އާ ދަރިފުޅާ މަންމަމެން ކައިރީ ކީއްވެތަ ނުބުނީ ބަނޑަށް ތަދުވާ ވާހަކަ” ނާދިއާ ކަންބޮޑުވެފައި ބުންޏެވެ. “މަންމާ، މިޝްތަ ދެން މާބޮޑުވަރުކޮއްލީއޭ، އަޅުގަނޑު ބުނިން އެވަރުކަމެއް ނޫނޭއެއީ، މިހާރުދެން ވިހަން ކައިރިވާއިރު މަންމަ ބުނުއްވިހެން ކޮންމެވެސް ވަރެއްގެ އުނދަގޫތަކެއް ހުންނާނެއެންނު ދޯ، އެހެންނޫނަސް އަޅުގަނޑަށް މާބޮޑަށް އުނދަގޫވާނަމަ ބުނާނަމޭ. މަންމަދެން ތިހާވަރަށް ކަންބޮޑުނުވެބަލަ” ޒޯޔާ އެންމެންގެ ހިތްހަމަ ޖައްސާލަދިނެވެ. ނާދިއާ އާއި މަލާކުވެސް އެކަން ގަބޫލު ކުރިއެވެ. އަދި އެމީހުން އެނބުރި އެމީހުންގެ މަސައްކަތަށް ދިޔައެވެ. މިޝްކާ އޭނަގެ އަތުގައި އޮތް ކޭކް ޓްރޭހިފައިގެން އެނދުގައި އިށީނެވެ. “މިތަނުން އެއްޗެއް ކާލަބަލަ………..އޭރުން ޒޯ އޯކޭ ވެދާނެ” މިޝްކާ ޒޯޔާއަށް ޓްރޭ ދިއްކޮށްލަމުން ބުނެލިއެވެ. އޭގައި ހުރީ ކޭކެއްނޫނެވެ. އޭގައިހުރީ ހަކުރު ފަންޏަށް އަޅައިފައިހުރި ގުލާބުޖާން ތަކެކެވެ.

ކޭކުފޮތި ކާލަމުން ނައުރީން ޝާހިޤު ކައިރީ ބެލްކަނީ މަޑުކޮށްލިއެވެ. “އަހަރެން ގަބޫލެއް ނުކުރަން ޝާހިޤު އަހަރެން ދެކެ ލޯބިވާކަމަށް………” ނައުރީން އެހެން ބުނުމުން ޝާހިޤަށް ލިބުނީ ޝޮކެކެވެ. “ނައު އަދިވެސް އަހަރެން ބުނިއެއްޗެއް ގަބޫލެއް ނުކުރަންތަ؟……….އަހަރެން ނައުދެކެ ވަރަށް ވަރަށް ލޯބިވޭ، އެކަމަކު އަހަރެންގެ އަތްބެއްވެސް އެބައިން، އޭނަ އިނީ އަހަރެންގެ ދަރިއަކަށް ބަލިވެ……..އަހަންނަށް އެނގޭ އޭނަ އަހަރެން ބޭނުންވާ ކޮންމެ ކަމެއްވެސް ކުރާނެކަން، އޭނަގެ ޝާކުވާއެއް ނޯންނާނެކަން. އަހަރެން ނައުކައިރީގަ މިހާރު ހުރިހާ ވަގުތެއް ހޭދަމިކުރަނީ” ޝާހިޤު އޭނަގެ ދިރުއުޅުމުގައި މިހާރު ނައުރީން ވަރުގެ މުހިއްމު މީހެއް ނުހުންނާނެ ކަން އަންގާދިނެވެ. “އަހަރެން ބޭނުންވަނީ ޝާހިޤު އަހަރެންގެ މީހަކަށް ހަދަން………ހަމައެކަނި އަހަރެންގެ މީހަކަށް ހަދަން” ނައުރީން ބުނިޖުމްލަ ޝާހިޤަށް އަޑުއިވުނެވެ. އެބުނި އެއްޗެއްގެ މާނަވެސް ޝާހިޤަށް އެނގެއެވެ.

ހެދުނު ޒޯޔާއަށް ހޭލެވުނު އިރު ޝާހިޤު ފެންނާކަށް ނެތެވެ. މަޑުމަޑުން ތެދުވެ ފާހާނާ ބަލާލިއެވެ. ފާހާނާއަކުވެސް ނެތެވެ. ޝާހިޤު ރޭގައި ދިޔަގޮތަށް ގެއަށް ނާންނަނީބާއޭ ޒޯޔާގެ ހިތަށް އެރިއެވެ. ސިޓިން ރޫމު ބަލާލިއިރު އެކަކުވެސް ފެންނާކަށް ނެތެވެ. އެހެންވެ އަވަހަށް ކޮޓަރިއަށް އައިސް ވަނެވެ. އަދި ޝާހިޤަށް ގުޅާލިއެވެ. ޝާހިޤު އޭނަގެ ފޯނެއް ނުނެގިއެވެ. ޒޯޔާ ގުޅާކޮންމެ ފަހަރަކު ބިޒީ ކޮއްލައެވެ.

މެންދުރު ވީއިރުވެސް ޝާހިޤު ޒޯޔާއަށް ގުޅާނުލައެވެ. ޒޯޔާގެ ބަނޑުގައި ހުރި ރިހުން ނުފިލައެވެ. އެހެންވެ ޑޮކްޓަރަށް ދެއްކުމަށް އެޕޮއިންމެންޓު ހެއްދިއެވެ. ކޮންމެ ގޮތެއްވިޔަސް ޒޯޔާގެ ބަނޑުގައިވަނީ ޝާހިޤުގެ ނިޝާނެކެވެ. ބަނޑުގައިވާ ކުދިންނަށް ފަރުވާކުޑައެއް ނުކުރެވޭނެއެވެ.

ފަހު ރޯދަދުވަހަށް ވުމާއިއެކު ނާދިއާ މިއަދު ކައްކާފޮތުން އާއެއްޗެއް ހެދުމަށް ރެސިޕީއެއް ފެނޭތޯ ސިޓިންރޫމުގައި އިނެވެ. މަލާކުވެސް ފޮތެއް ހިފައިގެން އިނެވެ. ޒޯޔާވެސް އެމީހުންގެ ގާތަށް ނުކުތީ ފިކުރުތަކާ ހިޔާލުތަކާ ދުރުވުމަށެވެ. ކުރީގެ އުފާވެރި ޒޯޔާއަށް ވުމަށެވެ. އޭރު ކޮޓަރީގައި އިސްތިރިކުރަން މިޝްކާ އުޅެއެވެ. މިޝްކާވެސް ގެވެހި އަތްބަކަށް ވެއްޖެއެވެ. ޝާދިން ބޭނުންވާކަހަލަ އަތްބަކަށެވެ. ގޭތެރޭގައި އެންމެން އުޅެނީ ކިހާ ގުޅިގެން ހެއްޔެވެ. މިކަހަލަ އާއިލާއެއް މިހާރު ހޯދަން ފަސޭހައެއް ނުވާނެއޭ ޒޯޔާގެ ހިތަށް އަރަމުން ދިޔައެވެ. ނާދިއާ އަށް އޭނަ ބޭނުންވާފަދަ އެއްޗެއް ފޮތުން ފެނުމުން ބަދިގެއަށް މިސްރާބު ޖެހިއެވެ. ކުޑަކުޑަ ރަޔާން ސިޓިން ރޫމުގައި ބޯޅައެއް ހިފައިގެން ކުޅެން އުޅެއެވެ. ޒޯޔާ ޓީވީ އިން ދައްކަމުން ދިޔަ ލަވައެއް ބަލަން އިނެވެ.

ގޭގައި އިން ފޯނު ރިންގުވާންފެށިއެވެ. ޒޯޔާ ބަލާލީ މަލާކް އަށެވެ. ޒޯޔާ ދުވަހަކުވެސް ގެއަށް އަންނަ ފޯނެއް ނުނަގައެވެ. ގިނައިން ގެއަށް އަންނަ ފޯނު ނަގާނީ މިޝްކާއެވެ. ނޫނީ މަލާކް އެވެ. “މިގަޑީގަ ކާކު ގޭފޯނަށް ގުޅަނީ……ޒޯ އަޅެ ބަލާލަބަލަ ކާކުތޯ” މަލާކު ޒޯޔާއަށް ބުނެލިއެވެ. ޒޯޔާ ޓީވީގެ އަޑުމަޑުކޮށްލިއެވެ. އަދި ފޯނުގެ އަތްގަނޑު ނެގުމަށްފަހު ހެލޯ އޭ ބުނެލިއެވެ.

ފޯނު ހިފަހައްޓައިގެން ހުރި ޝާރިޤުއަށް ލިބުނީ ޝޮކެކެވެ. އަނެއްކާވެސް ހެލޯއޭ ބުނެވުނީ އިވުނީ ހަމައެއަޑުތޯ ބަލަންށެވެ. ފޯނުގެ އަނެއްކޮޅުން އެއަންހެން ކުއްޖާ ހެލޯއޭ ބުނެލިއެވެ. އާއެކެވެ. އެއީ ހަމަ އެއަޑެވެ. ޝާރިޤުގެ ކަންފަތުގެ ހިނދުރީގައި ހަރުލާފައިވާ ރީތިއަޑެވެ. އެއަޑުގެ މަތިން މިއަދުވެސް ޝާރިޤު ހަނދާންކުރާ އަޑެވެ. “ކާކު…….ނަންބުނެބަލަ” އަވަސް އަވަހަށް ޝާރިޤަށް ބުނެވުނެވެ. “ނުބުނާނަން ނަމެއް……..ތީކާކު” އެއަންހެން ކުއްޖާބުނެލިއެވެ. ޝާރިޤުގެ ހިތް މޭފަޅާ ނުކުންނަން އުޅުނު ކަހަލައެވެ. އެއީ ހަމަ އެއަޑުގެ ވެރިޔާއެވެ. ޝާރިޤުގެ ހިތުގެ ރާނީއެވެ. ވާހަކަދެއްކުމުގައި އަދިވެސް އެގޮތެވެ. އެކަމަކު ޝާރިޤުގެ ގޭގައި އެއަންހެން ކުއްޖާ ކީއްކުރަނީ ހެއްޔެވެ. “މީ ޝާރިޤު، ތީ ކާކު؟ ކޮބާ މަންމަ؟” ޝާރިޤު ބުނެލިއެވެ. “ޝާރިޤު މީ ޒޯ އޭ………” ޝާރިޤަށް ޒޯޔާގެ އަޑު ނޫން އެހެން އެއްޗެއް ނީވުނެވެ. އޭނައަށް ފޯނަށް ބަލާލެވުނެވެ.

ޝާރިޤުގެ ހަށިގަނޑުވަނީ މުޅިން ފިނިވެފައެވެ. އޭނަގެ ހިތުގެވެރިޔާ މިއޮއްހުރިހާ ދުވަހުއުޅުނީ ފިލައިގެނެއްނޫނެވެ. އޭނަގެ ލޯކުރިމަތީގައެވެ. އޭނަގެ އެއްބަނޑު އެއްބަފާ ބޭބެގެ އަތްބެއްގެ ގޮތުގައެވެ. ޝާރިޤު ފަހަރެއްގަވެސް އެއީ ޒޯޔާ ކަމަކަށް ހިއެއްނުކުރެއެވެ. ޝާރިޤުގެ މޭގެ ވިންދުވަނީ އަވަސްވެފައެވެ. އޭނަ ޒޯޔާއާއި ކުރިމަތި ލާނީ ފަހެ ކިހިނަކުން ހެއްޔެވެ. ޝާރިޤު އޮފީހުގައި އިންނަން އިތުރަށް ބޭނުމެއް ނުވިއެވެ. އެހެންވެ އޮފީހުން ގެއަށްދާން ނުކުންނަމުން ކަރުގައިވާ ޓައިއަށް ދަމާލާފައި ބޮލުން ނައްޓާލިއެވެ. އަދި ޓައި ނަގާ ފަޓުލޫނު ޖީބަށްލިއެވެ.

ގެއާހަމައަށް އާދެވުމާއެކު ސައިކަލު ޕާރކު ކޮށްލުމަށްފަހު ގެއަށް ވަނެވެ. އެހެން ދުވަސް ދުވަހާ ހިލާފަށް ޝާރިޤަށް ވަދެގެން އަންނާކަށް ނުކެރުނެވެ. އޭނަ މަޑުމަޑުން ސިޓިން ރޫމް ބަލާލިއެވެ. “ޝާރިޤު ތީ ކޮންކަމެއް…….ހާދަ ވަގު ވަގަށް” ސިޓިން ރޫމުގައި އިން ޝާމިންއަށް ފެނިގެން ބުނެލިއެވެ. ޝާރިޤަށް ހަމަޖެހުމުގެ ނޭވައެއް ލެވުނީ ސިޓިންގ ރޫމުގައި ޝާމިން އާއި ކުޑަކުޑަ ރަޔާން އެކަނި ތިބިކަން އެނގުމުންނެވެ. ޝާމިންއަށް ކުރު ޖަވާބެއް ދެމުން އަވަސް ފިޔަވަޅުގައި ގޮސް ކޮޓަރިއަށް ވަދެ ދޮރު ތަޅުލިއެވެ. އޭނައަށް އެނދުމައްޗަށް ވެއްޓިގަނެވުނެވެ. މުޅި ކޮޓަރިވެސް ހީވަނީ އޭނަ ހަތަރުފާރުގަލާ ފިއްތާލަން އުޅޭހެންނެވެ. ޝާރިޤަށް ބޮލުގައި ހިފަހައްޓާލެވުނެވެ. ކުރިމަތިވާން މިއުޅެނީ ކޮންފަދަ އިމްތިޚާނެއް ބާއޭ ޝާރިޤުގެ ހިތަށް އެރިއެވެ. ތިމާ މިދުނިޔެއިން އެންމެ ލޯބިވާ މީހާ ނުލިބެނީ ކީއްވެބާއޭ ޝާރިޤުގެ ހިތަށް އަރަމުން ދިޔައެވެ. މިއަދުން ފެށިގެން ޒޯޔާއަށްޓަކައި ޝާރިޤުގެ ނަޒަރިއްޔާތު ބަދަލްވެގެން ދާނެއެވެ. ކޮންމެ ގޮތެއްވިޔަސް ހިތުގައި ޒޯޔާއަށް ދެވިފައިވާ ލޯތްބަށް ބަދަލެއް ނާންނާނެކަން ޝާރިޤަށް އެނގެއެވެ. ޝާރިޤު އޭނައަށް އަޑުއިވުނު ޖުމްލަތަކަކީ ދޮގެއްކަން ސާބިތުކުރަން ބޭނުންވިއެވެ. ނަމަވެސް ހަގީގަތް ބަދަލް ކުރާނީ ކިހިނެތްހެއްޔެވެ.

ޝާހިޤު ގެއަށް ވަދެލީ އޮފީސް އެއްޗެހި ބަދަލުކޮށް ރީތިވެލަންށެވެ. ޒޯޔާ ޝާހިޤުއަށް ބޭނުންވާނެ ހުރިހާ ކަމެއް ފުރިހަމަ ކޮށްދިނެވެ. “ޝާހިޤު އަހަރެންގެ ބަނޑުގަ ހަމައަސްލުވެސް ރިއްސަނީޔޭ، ޑޮކްޓަރ އެޕޮއިންޓްމެންޓުވެސް ހައްދައިފިން………އަހަންނާއެކު ޑޮކްޓަރަށް ދާން އަންނާންތަ؟” ޒޯޔާ ޝާހިޤު ކައިރީ ހުރެފަ އަހާލިއެވެ. “އަހަރެން ބިޒީ މިރޭ، އަހަރެން ރޯދަ ވިއްލަންވެސް ނާންނާނަން، ދެން މަންމަ ކައިރީ ފާޑުފާޑުގެ ވާހަކަ ދައްކާނީކީ ނޫން، ޒޯޔާ ޑޮކްޓަރަށް ދޭ ގޭތެރެއިން މީހަކު ގޮވައިގެން” ޝާހިޤު މާބޮޑު ފަރުވާލެއް ނުބަހައްޓައެވެ. “ޝާހިޤު ޕްލީސް، އަހަރެންގެ ބަނޑުގަ މިވަނީ ޝާހިޤުގެވެސް ކުދިންނު” ޒޯޔާ އާދޭހުގެ ރާގަކަށް ބުނެލިއެވެ. “އަހަރެން ބުނެފިންތަ އަހަރެންގެ ދަރިންނެއް ނޫނޭ، ޒޯޔާ އަހަންނާ ވަކިން ދިޔަޔަސް ޑޮކްޓަރު ބުނަންހުރި އެއްޗެއް ބުނާނެއެންނު……ދެން އެކުން މާގިނަ ބަހަނާ ނުދައްކާ” ޝާހިޤު ނުކުމެގެން ދިޔައީއެވެ.

ރޯދަ ވިއްލަން ވީއިރުވެސް މޭޒުދޮށުން ޝާރިޤެއް، ޝާހިޤެއް އަދި ޒޯޔާއެއް ނުފެނެއެވެ. ނާދިއާ އެމީހުންނަށް ގޮވުމަށް މިޝްކާ ގާތު ބުންޏެވެ. ކާމޭޒު ދޮށަށް އެންމެން ހަމަވިއިރުވެސް ޝާހިޤެއް ނެތެވެ. ޒޯޔާ ނާދިއާ އެއްޗެއް ބުނެދާނެތީ ޝާހިޤު ވީ ރޯދަވިއްލަން ގޮއްސައިކަމަށް ބުންޏެވެ. “މަގޭ ދަރިންނަށް ވާ ހަމަ ސާބަސް” ނާދިއާ ބުނެލިއެވެ. ކާމޭޒުމަތި އަންނަނީ އެއްދުވަހަށްވުރެން އަނެއްދުވަހު މަޑުމައިތިރިވެ ފަޅުވަމުންނެވެ. ޝާހިޤު ނެތީމައެވެ. އެހެންނޫނީ ޝާމިން އާއި އެހެން ކުދިން ވެގެން އެންމެ ފުރަތަމަވެސް ކުރާނެކަމަކީ ޝާހިޤާ ދިމާކޮށްލުމެވެ. ނާދިއާ އަށްވެސް މިކަންވަނީ ފާހަގަ ވެފައެވެ. އެކަމަކު ބޮޑުވެ ހެޔޮވިސްނޭވަރުވެފައިވާ ފިރިހެންދަރިއަކު އުޅޭނޫޅޭ ގޮތް ބަލާނެ ގޮތެއްވެސް ނާދިއާއަކަށް ނުވިސްނުނެވެ. ޒޯޔާގެ އެރީތި މައުސޫމު މޫނު މާޔޫސްކަމުގެ ތެރެއަށް ގެބިގެންދާމަންޒަރުވެސް ނާދިއާ އަށް ފެނެއެވެ. އޭނައަށް ހަމައެކަނި ކުރެވެން އޮތްކަމަކީ ޝާހިޤުއާއި ވާހަކަ ދެއްކުމެވެ. ނާދިއާ އެއްޗެއް ބުނެފިނަމަ ދެކޮޅެއް ނަހަދައެވެ. އެކަމަކު ފަހަކަށް އައިސް އެކަމަކަށް ޢަމަލީ ސިފައެއް ނުގެނެއެވެ.

ޒޯޔާ ސިޓިން ރޫމާ ކޮޓަރިއާއި ދޭތެރޭ އިރުއިރުކޮޅާ ހިނގާލައެވެ. މިމަންޒަރު ބަލަން ޝާރިޤު އިނެވެ. އަދި އެތަނުގައި ޝާދިންނާއި މިޝްކާވެސް އިނެވެ. މިޝްކާއަކަށް އަނގަހިމޭނުން ލައިގެނެއް ނީދެވުނެވެ. ޒޯޔާ ދެކޮޅަށް ހިނގަނީ ކިއްވެތޯ ސުވާލު ކުރިއެވެ. ޒޯޔާ ބޭރަށް ދާން އުޅޭ ވާހަކަ ބުންޏެވެ. މިޝްކާ އަހާ އަހާވެސް ކޮންތާކަށް ކަމެއް ނުބެނެއެވެ. އަށެއް ޖެހިއިރު ޒޯޔާ ހުރީ ގޭގެ ދޮރުމަތީއެވެ. ޓެކްސީގެ އިންތިޒާރުގައެވެ. އެތާ ހުންނަތާ އިރުގަނޑެއް ވިފަހުން ޝާރިޤު ޒޯޔާއަށް ގޮވާލިއެވެ. ޒޯޔާ ފަހަތަށް އެނބުރިލި އިރު އޭނަ އަންނަނީއެވެ. ޝާރިޤު ސިޓިންގ ރޫމު ދޮރުމަތީ ޒޯޔާ އަށް ބަލަން ހުރިކަމެއް ނޭގެއެވެ. އޭނަ ޒޯޔާގެ ހަރަކާތްތަކަށް ބަލަންހުރެ އެންމެފަހުން ސުވާލުކޮށްނުލާ ހިތްހަމަނުޖެހުނީއެވެ.

“ކިހިނެތްވެފަ ދޮރުކައިރީ ތިހުންނަނީ……މިހާރު ކިހާއިރެއްވެއްޖެ” ޝާރިޤު ޒޯޔާގެ ކައިރީ ހުއްޓިލަމުން އަހާލިއެވެ. “މިހިރީ ޓެކްސީއަކަށް ގުޅައިގެން………..” ޒޯޔާ ޖަވާބު ދިނީ ވަރަށް ކުރުކޮށެވެ. “ކޮބާ ޝާހިޤު…..ގޭގަ ނެތީތަ” ޝާރިޤު ކުރި ސުވާލާއެކު ޒޯޔާގެ އިސް ޖެހިގެން ދިޔައެވެ. އަދި މަޑުމަޑުން އާއެކޭ ޒޯޔާ ބުނެލިއެވެ. “ކޮންތާކަށް ދާން ބޭނުންވަނީ……..” ޝާރިޤު އިރުކޮޅަކު ވިސްނާލަން ހުރުމަށްފަހު ބުންޏެވެ. ޒޯޔާއަށް ޝާރިޤަށް ބަލާލެވުނެވެ. “ޝާރިޤު އިޓްސް އޯކޭ އޭ، އިރުކޮޅަކުން ޓެކްސީ އައިސްދާނެ………” ޒޯޔާއަށް ޝާރިޤު ބުނަން އެއުޅެނީ ކީކޭކަން އެނގުމުން ބުނެލިއެވެ. “ޒޯ، އަހަރެން ސުވާލެއް ކުރަންތަ؟” ޝާރިޤު ޒޯޔާއަށް ބަލަހައްޓައިގެން ހުރެ ސުވާލުކޮށްލިއެވެ. “އޯކޭ، އަހާބަލަ…….” ޒޯޔާ ހަމަޖެހުމުގެ ކުލަވަރުދައްކަން މަސައްކަތްކުރިއެވެ. “ކީއްވެ، ޒޯ ގޭމީހުން ކައިރީ ނުބުނެ ހޮސްޕިޓަލަށް ދާން ތިއުޅެނީ……..” ޝާރިޤު އެހެން އަހާލުމުން ޒޯޔާ ވަރަށް ހައިރާންވިއެވެ. “ޒޯ ޑޮކްޓަރަށް ދާކަށް ނޫޅެމޭ” ޒޯޔާ ކުޑަކޮށް ހީލަން މަސައްކަތް ކުރިއެވެ. “ދެން އެހެންވީރު ޒޯގެ އަތުގައި ތިއޮތް ފައިލް އަހަންނަށް ދައްކަންވީނު………” ޝާރިޤު ޒޯޔާގެ ދަބަހާއެކު ކަހަލަ ގޮތަކަށް އޮޅާލެވިފައިވާ ފައިލަށް އިޝާރާތްކޮށްލިއެވެ. ޒޯޔާ އަށް ބުނާނެއެއްޗެއް ނޭގުނެވެ. “ހިނގާ އަހަރެން ޒޯ ހޮސްޕިޓަލަށް ގެންގޮސްދީފާނަމޭ……..” ޝާރިޤު ބުނެލިއެވެ. ޒޯޔާއަށް ޖެހުނީ އެންމެ ފަހުން އޭނައާއެކު ދާށެވެ. ބޭރަށް ނުކުމެ ޝާރިޤު އަރާއިން ސައިކަލުގައި އޭނައާ ޖެހިގެން އެއްފަރާތަކަށް އިށީނެވެ. ޒޯޔާ ޝާރިޤުގެ ބަނޑުގައި ހިފަހައްޓާލިއެވެ. ޝާރިޤަށް ލޯމަރާލެވުނެވެ. ދެރަވެސް ވިޔެވެ. އެކަމަކު މީ މިއަދު އޭނައަށް ހުރިގޮތެވެ. އޭނަ އެންމެ ލޯބިވާ މީހާއަށް އެހީތެރިކަމުގެ އަތެއް ފޯރުކޮށްދެވުނަސް އެއީ ވަރަށް ބޮޑުވަރެކެވެ. މަޑުން މަޑުން ޝާރިޤު ސައިކަލު ދުއްވަމުން ދިޔައެވެ.

ހޮސްޕިޓަލަށް އާދެވުނު އިރު ޒޯޔާގެ ކުރިއަށް ދެމީހުން ދައްކަން ތިއްބެވެ. އެހެންވެ ޒޯޔާ ގޮނޑީގައި އިށީނދެލައިގެން އިނެވެ. ޝާރިޤުވެސް ޒޯޔާގެ ގާތުގައި އިށީނދެލައިގެންއިނެވެ. ދެމީހުންކުރެ އެކަކުވެސް ވާހަކައެއް ނުދައްކައެވެ. އެހެން ތިއްބާ ޒޯޔާގެ ނަންބަރުއެރިއެވެ. ޒޯޔާ ޑޮކްޓަރުގެ ކޮޓަރިއަށް ވަނެވެ. ޝާރިޤުވެސް އަވަސް އަވަހަށް ޒޯޔާގެ ފަހަތުން ވަނެވެ. މިކަމުގެ ސަބަބުން ޒޯޔާއަށް ޑޮކްޓަރާ ވާހަކަދައްކަން އުނދަގޫވިއެވެ. ޑޮކްޓަރު ގާތު ކުޑަކޮށް ބަނޑަށް ތަދުވާ ވާހަކަ ޒޯޔާ ބުނުމުން އެތަނުގައި ހުރި އެނދުގައި އޮށޯތުމަށް ޑޮކްޓަރު އިރުޝާދުދެއްވިއެވެ. އަދި އެނދުގެ ވަށައިގެން ހުރި ފޮތިގަނޑު ދަމާލިއެވެ. ޒޯޔާގެ ބަނޑުގައި ނޫފައިގެންފައިވާ ތަންފެނިފައި ޑޮކްޓަރު ސުވާލުކުރިއެވެ. ޒޯޔާ ވެއްޓުނީ ކަމަށް ބުންޏެވެ.

ޝާރިޤު ގޮނޑީގައި އިންއިރު ޑޮކްޓަރާއި ޒޯޔާ އާއި ދެމެދު ދެކެވޭ ވާހަކަތައް އަޑުއިވެއެވެ. އިރުކޮޅެއްގެ ތެރޭ ޝާރިޤުގެ ކަންފަތުގައި ޖެހުނީ ޤަބޫލުކުރަންވެސް ދަތި އަޑެކެވެ. އާއެކެވެ. އެއީ ދެވަނަ އަޑެއް ނޫނެވެ. ޝާރިޤަށް އިވެމުންދިޔައީ ޒޯޔާގެ ބަނޑުގައިވާ ދެފުރާނައިގެ ހިތުގެ ވިންދުގެ އަޑެވެ. ޝާހިޤަކީ ކޮންފަދަ ނަސީބުވެރިއެއްހޭ ޝާރިޤުގެ ހިތަށް އެވަގުތުއެރިއެވެ. ޝާރިޤު ޝައުގުވެރިކަމާއިއެކީ އެއަޑުއެހުމުގައި އިންދާ ޑޮކްޓަރު ބޭބީގެ ވިންދުބަލާ މެޝިން ނިންވާލުމަށްފަހު ނުކުތެވެ. އަދި ގޮނޑީގައި އިށިންނަމުން ޝާރިޤަކީ ޒޯޔާގެ ކާކުތޯ ސުވާލުކުރިއެވެ. ޝާރިޤަށް ބުނާނެ އެއްޗެއް ނޭގުނެވެ. އޭނަ އަމިއްލައަށްވެސް ޒޯޔާ އަކީ އޭނަގެ ކާކުތޯ އަދި ޒޯޔާއަށް ޝާރިޤަކީ ކާކުތޯ ސުވާލުކޮށްލެވުނެވެ. އެސުވާލުގެ ޖަވާބު ދިނީ ޒޯޔާއެވެ. ޑޮކްޓަރު ބޭހެއް ލިޔެދިނުމަށްފަހު އަނެއްހެން މައްސަލައެއްނެތޭ ޒޯޔާ ގާތު އާއި ޝާރިޤުގެ ގާތު ބުނެލިއެވެ. ނަމަވެސް ބަލައިގެން އުޅުމަށާއި ފިކުރު ނުކުރުމަށް ބުންޏެވެ.

(ނުނިމޭ)

Leave a Comment

Your email address will not be published. Required fields are marked *