“މެހެނާޒަކީ ފެށުނީއްސުރެން ވެސް ގޮތްދޫނުކުރާ މީހެއް، އޭނާއާ ގުޅުން އިރު ވެސް ޝުޢައިބަށް އެކަން އެނގޭނެ، މިހާ ދުވަހު ތި ދެމީހުން އިނދެގެން އުޅެފައި މިހާރު ކީއްވެ ޝުޢައިބު ތިފަދަ ކަމެއް ތިކުރީ، ފަޒަލް ހީކުރާނީ ކީކޭ، ދަރިންނަށް ރަނގަޅު މަގު ދައްކައިދޭންޖެހޭ ބަޔަކީ އަހަރުމެން، އެކަމަކު އަހަރުމެންގެ ދިރިއުޅުން މަޖަލަކަށް ހެދުމުން އެމީހުންނަށް އެދެވެނީ ކިހާ ނުބައި މެސެޖެއް، ދެމަފިރިންގެ މައްސަލަތަކުގައި ދަރިންނަށް އަސަރު ނުކޮށެއްނުދާނެ” މަލީކު މިހެން ބުނުމާއެކު ޝުޢައިބުގެ ނަޒަރު އޭނާއަށް ހުއްޓިގެން ދިޔައެވެ.
“ފަޒަލްއަކީ އެއަށްވުރެ ހަރުދަނާ ޒުވާނެއް، އަޅުގަނޑު އޭނާ ބޮޑުކުރީ ފައިސާއަކީ ހުރިހާ އެއްޗެއްނޫންކަން ވިސްނައިދީގެން، އެ ދަރިފުޅުގެ ހިތްހަމަޖެހުން އަޅުގަނޑަށް މުހިންމުކަން އަންގައިދީގެން، މިއަދު އެ ދަރިފުޅު އެ ހުރީ އުފަލުންކަން އެނގޭ، އެ ދަރިފުޅުގެ ދިރިއުޅުމުގެ ބިންގާ އަޅާފައި އެވަނީ އެ ދަރިފުޅު އެންމެ ލޯބިވާ އެންމެ ހިތްހަމަޖެހޭ ބައިވެރިޔާއާއެކު…”
“ޝުޢައިބު ތިކިޔާ އެއްޗެއް ނުވިސްނުނު” މަލީކު ހައިރާންވިއެވެ.
“އަޅުގަނޑުދެކެ ނާޒްވީ ލޯބީގެ ބަދަލު އަޅުގަނޑު ދިނީ ލޯބިން، އޭނާގެ ހުރިހާކަމެއް ފުރިހަމަކޮށްދިނިން، މިހާރު މިގޮތަށް އުޅެއުޅެ ހުއްޓާ އުމުރު ދެބައިވެ ހިނގައްޖެ، އަމިއްލަ ހިތަށް ވިސްނައި ދީ ދީ ވަރުބަލިވެއްޖެ، ކިތަންމެ ވަރަކަށް ފެންބުޔަސް ކަރުހިއްކުން ފިލާ ނުދޭ… ހިތް ބޭނުންވާ ކަންތައް ނުވާހާ ހިނދަކު އެ ކަރުހިއްކުން ނުފިލާނެކަން އެނގޭ… މިއަދު އަޅުގަނޑު މިހިރީ އުފަލުން، އަދި ނާޒް ވެސް ގެންގުޅެނީ އުފަލުން… ތިމާ އެންމެ ލޯބިވާ މީހާ ލިބުމަކީ ދުނިޔެއިން ލިބޭނެ އެންމެ ބޮޑު އުފާކަން ޔަޤީން” ޝުޢައިބުގެ ވާހަކަތަކުން ކުރިއަށްވުރެ ބޮޑަށް މަލީކު ހައިރާންވިއެވެ.
“ޝުޢައިބު ތިބުނަނީ މެހެނާޒުދެކެ ލޯތްބެއް ނުވެޔޭތަ؟ ލޯބަވަނީ ސާރާދެކެއޭތަ؟” މަލީކު އަހާލިއެވެ.
“އާން! ސަރާއަކީ އަޅުގަނޑުގެ އެންމެ ފުރަތަމަ ލޯބި، ނާޒް ދިރިއުޅުމަށް އައީ އޭގެ ފަހުގައި، އަޅުގަނޑުމެން އެންމެން ކިޔަވަން އުޅުނީ އެއްކޮށް، ނާޒް އަޅުގަނޑު ދެކެ ލޯބިވާކަން އެނގުނީ މާލެ އައިސް މިގޭގައި އޮތް ހަފުލާއަކަށް ދައުވަތު ދީގެން އައި ރެއަކު، އެރޭ ފުރަތަމަ ފަހަރަށް ނާޒްގެ މައިންބަފައިންނާ ބައްދަލުވީ، ކުޑަކޮށް ވެސް ނުދެނަ ހުރިން ނާޒް އެމީހުންނާ އަޅުގަނޑު ބައްދަލުކުރުވުމުގެ ބޭނުމުގައި ކަމެއް އެރޭ މިގެއަށް ގެނައީ، އޭރު ސާރާ އަޅުގަނޑުމެންނަށްވުރެ ތިންއަހަރު ހަގުވާނެ، އޭނާގެ މައިންބަފައިން ރަށުން ބޭރު މީހުންނާ ގުޅޭކަށް ޤަބޫލެއްނޫން، އަނެއްކޮޅުން އަޅުގަނޑުމެން ދެމީހުންގެ އުމުރު ތަފާތުކަމުން ވެސް ދެމީހުންނަށް ގުޅެން އުނދަގޫވި، އެހެންވެ އެ ގުޅުން ސިއްރެއްގެ ގޮތުގައި ބޭއްވީ، މާލެ އައިސް ނާޒްގެ މައިންބަފައިންނާ ބައްދަލުވުމުން އެމީހުން ލަސްނުކޮށް އަޅުގަނޑުގެ މައިންބަފައިންނާ އެވާހަކަދެއްކީ، ބަހާރުގޭ ކުއްޖަކާ އަޅުގަނޑު ގުޅެން އުޅޭކަމުގެ ޚަބަރު މަންމަމެންނާ ހަމައަށް އައުމުން އެމީހުންނަށް ވެސް އަޅުގަނޑުގެ އުފާވެރިކަން މުހިއްމެނުވި، ނާޒްގެ ލޯތްބަށް ޖަވާބެއް ނުދީ ހުއްޓާ އަޅުގަނޑުމެން ދެމީހުންގެ ކައިވެނި ޢިއުލާންވެއްޖެ، އޭރު ނާޒްގެ ހުރި ހަމައެކަނި މަންމަ ވެސް ނިޔާވެއްޖެ، ކައިވެނީގެ ހުރިހާކަމެއްގައި އުޅުއްވީ ބޭބެ އާއި ދައްތަ، ނާޒްދެކެ އޭނާގެ ޢާއިލާ މީހުން ލޯބިވާވަރާއި އޭނާގެ މައިންބަފައިންނާ ވަކިވާން ޖެހުމުން ލިބުނު ހިތާމަ އަޅުގަނޑުގެ ސަބަބުން ބޮޑުވެދާނޭތީވެ ކައިވެނި ހުއްޓުވަން ބޭނުންވިޔަސް އެކަން ކުރާނޭ ހިތްވަރެއް ނުލިބުނު، ކައިވެންޏަށްފަހު ނާޒްގެ ހުރިހާ އުންމީދެއް ފުރިހަމަކޮށްދެމުން ދިޔައިން، ސާރާގެ މަތީން ހަނދާންނައްތާލަން މަސައްކަތްކުރިން، އެކަމަކު ސިންގަޕޫރުގައި އޮތް ޓްރެވެލިންގ އެގްޒެބިޝަނަށް ބޭބެއާއެކު ކުރި ދަތުރުގައި އަލުން ސާރާ ފެނުންވީ އަޅުގަނޑު ކުރި ހުރިހާ ކަމެއް ބޭކާރުވިކަމަކަށް، އެހިނދުކޮޅުގައި އެނގުނު އުމުރު ހުސްވިޔަސް، އަލަތު ލޯބީ ހިތުން ނުފިލާނެކަން، ސާރާގެ މަތިން ހަނދާނެއް ނުނެތޭނެކަން، ނާޒްގެ ލޯބިން ވެސް ހިތުގައި ސާރާއަށް ދެވުނު މަޤާމު ބަދަލެއްނުވި، މިއަދު އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި އަޅުގަނޑު އުފަލުގައި ހުރުން ނާޒްއަށް ވެސް މުހިއްމުވާންޖެހޭނެ، ލޯބިވުމަކީ އެއީ… އަޅުގަނޑު ނާޒްއަށްޓަކައި މިހިތް ޒަހަމްކޮށްލީ ގަސްދުގައި، އެތައް އަހަރެއް އެ ވޭނުގައި ކެތްތެރިވެ ސާބިތުކަންމަތީ ހުރީ ނާޒްއަށްޓަކައި، ވީއިރު އަޅުގަނޑު ބޭނުންވި ލޯބި ހޯދުމަކީ ކުށެއްނޫން، އެކަން ކުށަކަށްވާނީ މިއަދު ނާޒްގެ ގާތުގައި ހުރުމުގެ ބަދަލުގައި އޭނާ ދޫކޮށްލާފައި އަޅުގަނޑު ދިޔަނަމަ، މިއަދު ދިޔަ ނަމަވެސް އަޅުގަނޑަށް ގެއްލޭނެ އެއްޗެއް ނެތް، އެހެންނަމަވެސް އަދިވެސް މަސައްކަތް މިކުރަނީ ނާޒް ރުއްސޭތޯ، އޭނާއަކީ މިހާރު އަޅުގަނޑުގެ ދިރިއުޅުމުގެ އެއްބައިކަމުގައި ވިސްނައިދެވޭތޯ…. ނާޒް ލޯބިވިފަދައިން އަޅުގަނޑު ވެސް ސާރާދެކެ ލޯބިވީ، އަޅުގަނޑުމެން އެކަކު އަނެކަކު ދެކެ ލޯބިވަން، ހަޤީޤަތުގައި ސާރާ އެވާ ޤުރުބާނީ އަގު އަޅުގަނޑަށް ނުދެވޭ… އެހެންވިޔަސް އެއީ އަޅުގަނޑުމެން ދެމީހުން ވެސް ނާޒްއަށް ކުރާ ޤަދަރެއްގެ ބޮޑުކަމުން ނިންމި ނިންމުމެއް، ނާޒްއާ ނުލާ އަޅުގަނޑުގެ ދިރިއުޅުން ވެސް މިހާރު ފުރިހަމައެއްނުވާނެ، ހަމަ އެންމެ ފަހަރަކު އެކަން ނާޒްއަށް ވިސްނޭނަމަ، ހަމައެންމެ ފަހަރަކު އަޅުގަނޑު އުފަލުގައި ހުންނަން ނާޒް ބޭނުންވާނަމަ…. އެ ދުވަހު ބޭބެ އަޅުގަނޑުގެ ގާތުން ކީއްވެތޯ ނޭއްސެވީ އަޅުގަނޑު ނާޒްދެކެ ލޯބިވޭތޯ، އެހެންނޫންނަމަ މިއަދާ ހަމައަށް މި ސަކަރާތެއް ޖަހާކަށް ނުޖެހުނީސް، އެއްވެސް ކަމެއް އޮޅުން އަރާފައި އޮންނާކަށް ނުޖެހުނީސް، ލޯތްބަކީ އަމިއްލަ ކަރަށް މަހާލެވުނު މަޅިއެއްހެން އިހުސާސެއް ނުވީސް، ލޯތްބައްޓަކައި ކުރިއަށް އެޅި ކޮންމެ ފިޔަވަޅަކީ ކުރެވުނު ކުށެއްކަމުގައި އިހުސާސެއް ވެސް ނުވީސް، ތިމާ ލޯބިވާ މީހާ އެހެން މީހަކުދެކެ ލޯބިވެދާނެއޭ އެއްފަހަރު ވެސް ވިސްނާލިނަމަ، އެ ދުވަހު ނާޒްއަށް ޖަވާބެއް ނުލިބުނީ އެހެންވެކަން އޭނާ ވިސްނާލިނަމަ މިހެން ނުވީސް” އެތައް އަހަރެއްގެ އުދާސްތައް ޝުޢައިބުގެ ދުލުން ބޭރުވެގެން ދިއުމާއެކު މަލީކު ހުރީ ބަސްހުއްޓިފައެވެ. އޭނާއަށް ޝުޢައިބާ ދުރަށް ޖެހިލެވުނެވެ.
ޝުޢައިބުގެ ވާހަކަތަކުން މަލީކަށް ކުށެއްކުރެވިއްޖެކަމުގެ އިހުސާސްވެގެން ދިޔައެވެ. އަމިއްލަ ޟަމީރުގެ އަޑުއިވުމުން ވެސް އެއަޑަށް ބީރުކަންފަތެއް ދޭން މަލީކު މަސައްކަތްކުރިއެވެ. ލިބުނު ހާސްކަމުގައި ޝުޢައިބަށްވުރެ އޭނާއަށް ވިސްނާލެވުނީ ރުހައިލާމެދުއެވެ. ރުހައިލުގެ ހިތުގެ ހަޤީޤަތް އެނގިއެނގި ހުރެ މަލީކު އެ ދަރިފުޅުގެ އުފާތައްވަނީ ނަގާލާފައެވެ. ގަސްދުގައެވެ. އަމިއްލަ އުފަލަށްޓަކައެވެ. ދަރިފުޅަށް ލިބިދާނޭ ހިތްދަތިކަމަކަށް ކުޑަކޮށް ވެސް ވިސްނާލުމެއްނެތިއެވެ. ޝުޢައިބު ފަދައިން ރުހައިލު އޭނާގެ ލޯބި ހޯދަން ދާނީ ކޮންވަގުތަކު ކިހިނެއްކަމެއް ނޭނގެއެވެ. އެ ޚިޔާލު ސިކުނޑިއަށް ވަނުމާއެކު މަލީކުގެ ހާސްކަން އިތުރުވެގެން ދިޔައެވެ. މީހާ ދާހިތްލަން ފެށިއެވެ. މިހާރު އޭނާއަށް ރުހައިލު ހިފެހެއްޓުނަސް އެދުވަހުން ރުހައިލު ހިފެހެއްޓޭނެ ކަމާމެދު އަމިއްލަ ނަފްސާ ސުވާލުކުރެވެން ފެށުނެވެ. ކަންބޮޑުވެފައި ފިކުރުގެ ތެރެއަށް ގެއްލިފައި ހުއްޓާ މަލީކަށް ހިލަމެއްވީ ކޮޓަރިން ނިކުމެގެން ދިޔަ ޝުޢައިބު ދޮރުލެއްވި އަޑަށެވެ. ހާސްވެފައި ދޮރާ ދިމާއަށް ބަލާލަމުން ތުނބުޅި މަތިމަހުގައި އަތްހާކާލިއެވެ.
“ރުހައިލު އެހެނެއް ނުހަދާނެ… ނޫން! ނޫން! އެހެންވިޔަކަ ނުދޭނަން… ނައިރާއަށް ހަޤީޤަތް އެނގޭކަށް ބޭނުމެއްނޫން” އަމިއްލަ ޟަމީރުގެ އަޑަށްވުރެ މަލީކުގެ އަޑު ގަދަކޮށްލުމަށް އޭނާ ބުނެލިއެވެ.
މެހެނާޒުގެ ކޮޓަރިއަށް އައިސް ވަން މަލީކުގެ މޫނު ފެނި ޝާރުދާ އިތުރަށް ކަންބޮޑުވާގޮތްވިއެވެ. މަލީކަށް ބަލަން އިނދެ ދެބުމަ އަރުވާލަމުން އޮށޯވެގެން އޮތް މެހެނާޒަށް ބަލާލިއެވެ. އެހިނދު މަލީކު އަތުގެ އިށާރާތުން ކަމެއް އަންގާލިއެވެ. އޭނާ މަޑުމަޑުން ކުރިއަށް އައިސް މެހެނާޒަށް ގޮވާލިއެވެ.
“ބޭބެއަށް ފެންނަނީ، ޝުޢައިބު ބުނަންއުޅޭ އެއްޗެއް އަޑުއަހަން” މަލީކު ބުނެލިއެވެ.
ހުރީމެ ތިހިތުން ޖާގަ ދޭތޯ…
(ފަސްދޮޅަސްހަވަނަ ބައި)
ޝާރުދާ ސުވާލުގެ ނަޒަރަކުން މަލީކަށް ބަލާލިއެވެ. އެހިނދު މަލީކު ލޯމަރާލަމުން ބޯޖަހާލީ އޭނާ ކަންތައް އެ ކުރަނީ އެންމެ ރަނގަޅަށްކަން ޝާރުދާއަށް ވިސްނައިދޭ ފަދަ ގޮތަކަށެވެ.
“މެހެނާޒު، ބޭބެ އެބުނާ އެއްޗެއް އަޑުއަހާބަލަ، ޝުޢައިބަކީ ގޯސް މީހެއް ނޫން، އޭނާ އެހެން ކަންތައް ކުރުމުގައި ކޮންމެވެސް ސަބަބެއް އޮންނާނެ، ޝުޢައިބަކީ އަދިވެސް މެހެނާޒުގެ ފިރިމީހާ، އޭނާގެ ބުނާއެއްޗެއް އަޑުއެހުމަކީ މެހެނާޒު ކުރަންޖެހޭނޭ ކަމެއް، ޒުވާބުކުރަން ޝުޢައިބު ބޭނުންނުވާތީ އޭނާ އެއްޗެކޭ ނުބުނެ އެހުންނަނީ، ދެން ވެސް ތިހެން ނޯވެ ޝުޢައިބުއާ ވާހަކަދައްކަން މަސައްކަތް ކޮށްބަލަ” މެހެނާޒުގެ ކޮނޑުގައި ފިރުމަމުން ޝާރުދާ ބުނެލިއެވެ.
“އަހަރެން އެއްގޮތަކަށް ވެސް ބޭނުމެއްނޫން މިކަމުގެ ތެރެއަށް ކުދިން ވައްދާކަށް، އެމީހުންގެ ކަންފަތާ ހަމައަށް މިއިން އެއްވެސް ކަމެއް އިވިގެން ނުވާނެ، މެހެނާޒު… ޝުޢައިބުއާ ވާހަކަދައްކައިގެން މިކަންތައްގަނޑު ހައްލުކުރޭ، ގޮތްދޫނުކުރުމުގައި ވެސް ވަކި ހައްދެއް އޮންނަންވާނެ” މަލީކު ބުނެލިއެވެ. އެހިނދު މެހެނާޒު ބޯހިއްލާލަމުން މަލީކަށް ބަލާލިއެވެ. ރޮއެރޮއެ އޭނާގެ ދެ ލޯ ވަނީ ރަތްވެފައެވެ.
“ބޭބެއަށް ވެސް މިކަހަލަ ކަމެއް ދިމާވީމަ އެނގޭނީ…. ހުރިހާ ކަމެއް ހަނދާންނައްތާލުމަކީ އަހަންނަށް ވާނޭ ކަމެއްނޫން” ހިތްހަމަނުޖެހިފައި އިން ރާގެއްގައި މެހެނާޒު ބުނެލިއެވެ. އެ ބަސްތަކުން މަލީކުގެ ހިތާ ސިކުނޑިއަށް އުނދަގޫ ކުރުވިއެވެ.
“ޝާރުދާ، އާދޭ އަހަންނާއެކު… ތިރީގައި ކުދިން އެތިބީ ވަރަށް ހާސްވެފައި، އެމީހުން ހަމައަކަށް އަޅުވަން އެބަޖެހޭ، މެހެނާޒަކީ ނުވިސްނޭވަރު ކުޑަކުއްޖެއްނޫން، ދެމަފިރިންގެ ދެމެދުގައި އުފެދޭ ހަމަނުޖެހުން ހައްލުކުރަން ޖެހޭނީ ދެމަފިރިން ވާހަކަދައްކައިގެން، މެހެނާޒުއާ އެއްކޮށް އުޅެން ޝުޢައިބު ބޭނުންނުވާނަމަ އޭނާއަށް މެހެނާޒު ދޫކޮށްލުމުގެ އިޚްތިޔާރު ލިބިގެންވޭ، އެކަމަކު އެހެނެއް އޭނާ ނުހަދާ، އެހެންވީމަ މިހާރު މެހެނާޒަށް އެއްޗެއް ވިސްނެންވެއްޖެ… ހިނގާ ޝަރުދާ…” މަލީކު ރުޅިއައުމުން ފަހަރެއްގައި މެހެނާޒު އޭނާ ބުނާގޮތް ހަދާފާނެކަމުގައި މަލީކު ވިސްނިއެވެ. އެހެންވެ ހަރުކަށިކޮށް ވާހަކަދެއްކުމަށްފަހު ޝާރުދާ ގޮވައިގެން މެހެނާޒުގެ ކޮޓަރިން މަލީކު ނިކުތެވެ.
“އަންކަލް…” މަލީކު އާއި ޝާރުދާ ފެނި ފަޒަލް ވަގުތުން ތެދުވިއެވެ.
“މަންމަ އަރާމުކުރަނީ، ހިނގާ ހުރިހާ ކުދިން ސައިބޯން” ޝާރުދާ ހިނިތުންވެލިއެވެ. ފަޒަލް ސިޑިއަށް ބަލާލާފައި މަޑުމަޑުން ބޯޖަހާލީ ހާސްވެފައި ހުރެއެވެ.
ޝުޢައިބު އާއި މެހެނާޒު ދެބަސްވާތަން މީގެކުރިން ވެސް ފަޒަލްއަށް ފެނެއެވެ. އެކަމަކު ދުވަހަކު ވެސް މައްސަލަ މިހާ ގޯހެއްނުވެއެވެ. ޝުޢައިބަކީ މަޑުމައިތިރި ކެތްތެރި މީހެކެވެ. އެހެންނަމަވެސް މިއަދު ޝުޢައިބު ނިކުމެގެން ދިޔައީ ފަޒަލް ގޮވާލުމުން ވެސް އެ އަޑު އިވޭކަމަށް ނުހަދައެވެ. ޝާރުދާ އާއި މަލީކަށް ހުރިހާ ކަމެއް އެނގޭއިރު އެމީހުން އެކަން ސިއްރުކުރަނީކަން ފަޒަލްއަށް އެނގެއެވެ. ނަމަވެސް އެމީހުންގެ ގާތުގައި އަހާކަށް ފަޒަލްއަކަށް ނުކެރޭނެއެވެ. ސިކުނޑީގައި ހައިޖާނެއް އުފެދިފައި އިން މީހަކު ހެން ފަޒަލް ބަސްމަދުވެފައި އިނެވެ. މިއިން އެއްވެސް ކަމެއްގެ ހިލަމެއް ނުވަނީ އޮފީހުން އައިސް ކޮޓަރިއަށް ވަން ރުހައިލަށެވެ. އޭނާ ފެންވަރާލައިގެން ނިކުމެ ޓީޝާޓަކާއި ސޯޓެއް ލައިގެން ފޯނުގައި ހުރި ވައިބަރ މެސެޖުތަކެއް ބަލަން އެނދުގައި އޮތެވެ. ލުއި ހިނިތުންވުމެއް ތުންފަތުގައިވާއިރު ހީވަނީ އޭނާގެ ޚިޔާލު އެކުރަނީ އަރުފީނުގެ މަތީން ހެންނެވެ. ފޯނުން ބަލަމުން ދިޔައީ އަރުފީނާއި ރުހައިލާ ދެމެދު ބަދަލުކުރެވިފައި ހުރި މެސެޖުތަކެވެ. ހަމައެކަނި އަތުގައި ހުރި އަރުފީނުގެ ހަނދާންތައް ފޮރުވިފައި ވަނީ ރުހައިލުގެ އަތުގައި އޮތް ފޯނުގައެވެ. އޭނާގެ ނަޒަރު އަތުގައި އޮތް ޗޭނުކޮޅަށް ހުއްޓުނެވެ. އެއީ އޭނާގެ އުފަންދުވަހު އަރުފީނު ދިން ހަދިޔާއެވެ. އެ ދުވަހަށްފަހު އޭނާގެ އަތާ އެ ޗޭނުކޮޅު ވަތްކެއްނުވެއެވެ. ހިތުގެ ނާރުތަކާ އެ ޗޭނުކޮޅާ ގުޅިފައިވާ ކަހަލައެވެ.
“ރުހައިލު، އޮފީހުން އައިސް އަންގާ ވެސް ނުލާ، އެނގޭތަ ޝުޢައިބު އަންކަލް އާއި މެހެނާޒު އާންޓީ މައްސަލަޖެހިގެން އުޅޭކަން” ކޮޓަރިއަށް ވަން ނައިރާ ފެނުމާއެކު ރުހައިލު ފޯނުގައި ހުރި މެސެޖުތައް ނިވާލާފައި ތެދުވެ އިށީނެވެ.
“މެހެނާޒު އާންޓީ ދޭތެރެއަކުން އުޅޭނެ އެހެން، އެއީ އެހާވަރު ކަމެއްނޫން” ރުހައިލު ބުނެލިއެވެ.
“ހިނގާ ސައިބޯން، އެންމެން އެބަތިބި ކާކޮޓަރީގައި، މިއައީ ރުހައިލު ބަލާ” ނައިރާ ކޮޓަރިއަށް އައި އަސްލު ބޭނުން ހާމަކުރިއެވެ.
ދެމީހުން އެއްކޮށް އައިސް ލިފްޓަށް އެރިއެވެ. ނައިރާއަކަށް ޝުޢައިބު އާއި މެހެނާޒުގެ ވާހަކަ ނުދައްކައެއް ނުހުރެވުނެވެ. އެހެންވެ އަނެއްކާ ވެސް އެނާ ރުހައިލަށް ވިސްނައިދޭން މަސައްކަތްކުރީ އެ ދެމަފިރިންގެ ދެމެދު ވަރަށް ބޮޑު މައްސަލައެއް ޖެހިއްޖެކަމެވެ.
“ޝުޢައިބު އަންކަލް ގެއިން ވެސް ނިކުމެގެން ހިގައްޖެ، ފަޒަލް ގޮވީމަ ވެސް ބަލާނުލާ ނިކުމެގެން ދިޔައީ، މެހެނާޒް އާންޓީ ހަމަ ރޮނީ، މަންމަ އާއި ބައްޕަ ވެސް އެ އައީ އެކޮޓަރީގައި އުޅެފައި… ސަމްތިންގ ފިޝީ ގޮއިންގ އޮން، މެހެނާޒު އާންޓީ ރޮނިކޮށް މީގެކުރިން ނުދެކެން… އަބަދުވެސް އުޅޭނީ ވަރަށް ހިޓުވެލައިގެން، ނޫންތަ؟” ނައިރާގެ ވާހަކައާ މެދު ރުހައިލު ވިސްނާލިއެވެ.
ކާކޮޓަރިއަށް ވަދެގެން އައި ރުހައިލަށް ފަޒަލް ފެނުމުން ނައިރާގެ ވާހަކަ ޤަބޫލުކުރެވުނެވެ. ހާސްވެފައިވާ ފަޒަލްގެ މޫނުމަތިން ކަންބޮޑުވުން ފެންނަން ހުއްޓެވެ. ޝާރުދާ، ރުހައިލަށް ގޮވާލާފައި އަވަހަށް އައިސް އިށީނުމަށް ބުނެލިއެވެ. އަދި ވަރުޝާ އަތުގައި އޮތް ސައިތަބަކުން ފަހަރަކު ސައިޖޯޑެއް ނަގާ ކޮންމެ ކުއްޖެއްގެ ކުރިމަތީ މޭޒުގައި ބަހައްޓަމުން ދިޔައެވެ.
ރުހައިލު ވަގުތެއް ހޯދާ އެކުވެރިޔާއާ ވާހަކަދައްކާލަން އޭނާގެ ގާތަށް އައެވެ. ދެމީހުން ހާމަފެންޑާގައި ތިބިއިރު ފަޒަލް އޭނާގެ މައިންބަފައިންނާ މެދު ކަންބޮޑުވެފައިވާ ވަރު ހާމަކުރިއެވެ. ޝުޢައިބަށް ގުޅިޔަސް ފޯނު ނުނަގާ ކަމާއި މަންމަ ކޮޓަރިން ނުނިކުންނަ ކަމެވެ. ފުރައިގެން ދިޔައީ ކޮންތާކަށްކަމެއް ނޭނގޭ ކަމާއި އެނބުރި އައިރު މެހެނާޒަށް ވެފައި ހުރި ގޮތް ރުހައިލަށް ކިޔައިދެމުން ފަޒަލް ދިޔައެވެ. އެހެންޏާ ޖެހޭ ކަހަލަ ކުޑަކުޑަ މައްސަލައެއް ނޫންކަމުގައި ފަޒަލް ޤަބޫލުކުރާކަން ރުހައިލަށް އެންގިއެވެ. ވެގެން އުޅޭގޮތެއް ހޯދަން ބޭނުންވިޔަސް އެކަން ކުރާނީ ކިހިނެއްކަމެއް ފަޒަލްއަކަށް ނުވިސްނެއެވެ. ރުހައިލަށް އޭނާގެ އެކުވެރިޔާއަށް ދޭނެ ޚިޔާލެއް ނޭނގުނެވެ.
ޝުޢައިބު އައިސް ހުރީ އޭނާގެ މައިންބަފައިންގެ ގޭގައެވެ. މުޅި އިމާރާތް ކުއްޔަށް ދީފައި ހުރިއިރު އެގޭގެ ތިންވަނަ ފަންގިފިލާ ހުންނަނީ ކުއްޔަށް ނުދީއެވެ. އެބަޔަކީ ޝުޢައިބުގެ މުސްކުޅި ބައްޕަ ދުނިޔޭގައި ހުރި އިރު އުޅުނު ބައެވެ. މިހާރު އެތަން ހުރީ ފަޅުވެފައެވެ. މީހަކު އެތަނުގައި ދިރިނޫޅުނަސް ތަނަށް ބޭނުންވާ ހުރިހާ ސާމާނެއް ހަމަކުރެވިފައި ހުއްޓެވެ. ފަރުނީޗަރުތަކުގައި ހިރަފުހުން ސަލާމަތްކުރުމަށް އަޅާފައި ހުރި ފޮތިތައް ޝުޢައިބު ނަގާ އޭނާގެ ވަގުތީ ހިޔާވެއްސަށް އެތަން ހެދިއެވެ.
އެކަނިމާ އެކަނި ދެތިން ދުވަސް ހޭދަވެގެން ދިޔައިރު ޝުޢައިބުގެ ގިނަ ވަގުތު އޭނާ ހޭދަކުރީ ވިސްނުމާ ފިކުރުކުރުމުގައެވެ. އެންމެ ފަހުން ނިންމުމަކަށް އޭނާއަށް އާދެވުނެވެ. މެހެނާޒު ބޭނުން ކޮންމެ ގޮތެއް އޭނާ ހަދާނެއެވެ. އެކަމަކު ސާރާ ދޫކޮށްލުން ފިޔަވަފައެވެ. ހަމައެއާއެކު ފަޒަލްއަކީ އޭނާގެ ދޮށީ ދަރިފުޅެވެ. އެ ދަރިފުޅުދެކެ އޭނާ އިންތިހާއަށް ލޯބިވެއެވެ. ހުރިހާ ހަޤީޤަތް އެ ދަރިފުޅަށް އެނގެން ޝުޢައިބު ބޭނުންވެއެވެ. ހަޤީޤަތާ ކުރިމަތިލެވޭހާ ހިތްވަރު އެ ދަރިފުޅުގެ ހުންނާނެކަން ޝުޢައިބަށް ޔަޤީންވެއެވެ. އޭނާ އަތުގައި އޮތް ފޯނުގެ އިސްކުރީނު އޮންކޮށްލުމާއެކު ފަޒަލްގެ ނަންބަރަށް ގުޅިއެވެ. އަދި ދަރިފުޅުގެ އިންތިޒާރުގައި ސޯފާގައި މަޑުކޮށްލައިގެން އިނެވެ.
“ބައްޕާ” އެޕާޓްމެންޓުގެ މައިދޮރު ޝުޢައިބު ހުޅުވާލުމާއެކު ދޮރުމަތީ ހުރި ފަޒަލް ގޮވާލީ ކަންބޮޑުވެފައި ހުރެއެވެ.
“އާދޭ އެތެރެއަށް، އިށީނދެ ތިބެ ވާހަކަދައްކާނީ” ފަޒަލް ވަނުމަށް ޝުޢައިބު ތަންދެއްކިއެވެ. އަދި އޭނާ ވަނުމުން ދޮރު ލައްޕާލާފައި އައިސް ސޯފާގައި އިށީނެވެ. އިރުކޮޅަކު އޭނާ ހިމޭނުން އިނދެފައި ވާހަކަދައްކަން ފެށިއެވެ.
“ދަރިފުޅު މިހާރު ތިހިރީ ބޮޑުވެ ޒުވާނަކަށްވެފައި، ހުރިހާ ކަމެއް އެނގޭވަރުވެފައި…. ބައްޕަ، ދަރިފުޅު މިގެނައީ ވަރަށް ބޮޑު ވާހަކައެއް ދައްކަންވެގެން، ހުރިހާކަމެއް ދަރިފުޅަށް ވެސް އެނގުން މުހިއްމު ކަމުގައި ބައްޕަ ދުށީ، މި ވާހަކަތައް އަޑުއެހުމަށްފަހު ދަރިފުޅު ބައްޕައާމެދު ކޮންމެ ގޮތަކަށް ދުށްކަމުގައި ވިޔަސް ހަނދާންކުރަންވީ ކަމަކީ ބައްޕަ ފަޒަލްދެކެ ވަރަށް ލޯބިވާކަން، އަދި ފަޒަލްގެ މަންމައާ ދުވަހަކު ވެސް ވަކިވާކަށް ބައްޕަ ނުވިސްނަންކަން…” ޝުޢައިބު އިސްޖަހާލައިގެން އިނދެ ފަޒަލްއާ ވާހަކަދެއްކިއެވެ. މަޑުމަޑުން ހަޔާތުގެ ސޮފުހާތަކުން ފަހަރަކު ސޮފުހާއެއް އުކެމުން އެ ސޮފުހާތަކުގައި ހުރި އެއްޗެއް ދަރިފުޅަށް ކިޔައިދެމުން ޝުޢައިބު ދިޔައެވެ. ފަޒަލް އިނީ ޤަބޫލުކުރަން ދަތިވެފައެވެ. މަންމައާމެދު ހަމްދަރުދީ ވެވުނެވެ. ހަމައެއާއެކު ބައްޕަ ކުއްވެރިކުރެވުނެވެ. އެހާ ދުވަހު އެއްވެސް ކަމެއް ނުބުނެ ހުރުމުންނެވެ. އެކަމަކު ޝުޢައިބަކީ ގޯސްމީހެއްގެ ގޮތުގައެއް ފަޒަލް ނުދުއްޓެވެ. މައްސަލައަކީ މެހެނާޒުދެކެ ލޯބިނުވާއިރު އޭނާއާ ޝުޢައިބު ކައިވެނި ކުރުމެވެ. އެހިނދު ޝުޢައިބުގެ މަޖުބޫރީ ހާލަތު ފަޒަލްއަށް އިހުސާސްކުރެވިގެންދިޔައެވެ. އޭނާގެ ހަނދާނަށް އެވަގުތު އައީ ރުހައިލެވެ. އޭނާ ނައިރާދެކެ ލޯތްބެއް ނުވެއެވެ. އެހެންނަމަވެސް ނައިރާއާ ކައިވެނިކުރީއެވެ. ޚުދު ފަޒަލް ވެސް ރުހައިލުގެ އެންމެ ގާތް އެކުވެރިޔާގެ ގޮތުގައި ހުރެ އޭނާއަށް ބާރުއެޅީ ލޯބި ނުވާ މީހަކާ ގުޅުމަށެވެ. ފަޒަލްގެ ބައްޕަ ވެސް އެ ދުވަހު ހުރީ އެ ފަދަ މަޖުބޫރީ ހާލަތެއްގައި ފަޒަލްއަށް ވިސްނުނީ ދެނެވެ. އެއާއެކު ވަގުތުން ދޫ ހިމޭންވެއްޖެއެވެ. ފަޒަލްގެ މަންމައަށް ޝުޢައިބު ބޭފާތެރިނުވާކަމުގެ ޔަޤީންކަން ލިބިގެން ދިޔައެވެ. އެހެންނަމަވެސް އޭނާއަށް ވިސްނުނު ގޮތަށް މެހެނާޒަށް ވިސްނައިދޭނީ ކިހިނެއްކަމެއް ފަޒަލްއަކަށް ނޭނގުނެވެ.
“ދަރިފުޅުގެ ލޯތްބަކީ މިލާން، އެ ކުއްޖާއަކީ ކޮންމެ ކަހަލަ ޢާއިލާއަކުން އައިސްފައިވާ ކުއްޖަކަށް ވިޔަސް، ތި ދެމެދަށް ބައްޕަ ނުވަނީ އެހެންވެ، ހަމަޖެހޭ ދިރިއުޅުމަކަށް ލޯތްބަކީ ކިހާ މުހިއްމު އެއްޗެއްކަން މި ބައްޕައަށް އެނގޭތީ، ދުވަހަކު ވެސް…. ދުވަހަކު ވެސް ދަރިފުޅު ލޯބިވާ މީހަކާ ދުރުނުކުރަން ބައްޕަ ހުރީ ނިންމައިގެން، ދަރިފުޅުގެ މަންމައާ ދެކޮޅަށް ތެދުވާން ޖެހުނު ކަމުގައި ވިޔަސް…” ޝުޢައިބު މިހެން ބުނުމުން ފަޒަލްއަށް ބުނެދޭންނޭނގޭ އަސަރުތަކެއް ހިތަށް ކުރިއެވެ. އޭނާގެ މޫނުމަތިން މޮޅިވެރިކަން ފާޅުވެގެން ދިޔައެވެ.
އަޅުގަނޑަށް އަންޑަސްޓޭންޑް ވޭ… މަންމަ ގާތު ވެސް ހުރިހާ ވާހަކައެއް ބުނަނިކޮށް މަންމަ އަންޑަސްޓޭންޑް ވެދާނެ، އަޅުގަނޑު މަސައްކަތްކުރާނަން މަންމައަށް ވިސްނައިދޭން” ފަޒަލް މަޑުމަޑުން ބުނެލިއެވެ.
“މަންމައާ ވާހަކަދައްކާނީ ބައްޕަ، ދަރިފުޅަށް ހުރިހާ ކަމެއް ކިޔައި ދިނީ ހަޤީޤަތް އެނގުމުގެ ހައްޤު ދަރިފުޅަށް ވެސް އޮންނާނެތީ، ބައްޕަ އިތުރަށް އެއްވެސް ކަމެއް ސިއްރުކޮށްގެން ހުންނާކަށް ބޭނުމެއްނޫން،ދަރިފުޅަށް މިހާރު އެނގޭނެ ބައްޕަ ބޭނުމެއްނުވާކަން ދެ ފަރާތުންކުރެ އެއްކޮޅެއް ޚިޔާރު ކުރާކަށް” ޝުޢައިބު މިހެން ބުނުމުން ފަޒަލް ބޯޖަހާލިއެވެ.
ފަޒަލް ގެއަށް އައީ ކޮންއިރަކު ކަމެއް މިލާންއަކަށް ނޭނގުނެވެ. އޭނާއަށް ނިދިފައި ހޭލެވުނު އިރު ފަޒަލް އޮތީ އެނދުގައި އޭނާއަށް ބަލާށެވެ. ފަޒަލް ފެނުމުން ލޯބިވެތި ހިނިތުންވުމެއް ބަދަލުކޮށްލުމާއެކު ނިތްކުރިމައްޗަށް ވެރިފައިހުރި އިސްތަށިކޮޅުތަކާ މިލާން ކުޅެލިއެވެ. އެއާއެކު ފަޒަލް އެއްއަތުން މިލާން ގެނެސް ގަޔާ ކައިރިކޮށްލިއެވެ.
“ނުނިދަނީތަ؟ ކޮންއިރަކު އައީ…” ނިދިއަޑާއިއެކު މިލާން ވާހަކަދެއްކިއެވެ.
“އިރުގަނޑެއްވެއްޖެ” ފަޒަލްގެ އަޑު ތަފާތުހެން މިލާންއަށް ހީވިއެވެ.
“ކިހިނެއްވީ؟ ކީކޭ ބައްޕަ ބުނީ”
“މިއްމި، އަހަންނަކަށް ރަނގަޅު ރަޙުމަތްތެރިއަކަށް ނުވެވުން” ފަޒަލް މިހެން ބުނުމުން މިލާންއަށް ނަގައިގަންނާކަށް ފަސޭހައެއްނުވިއެވެ. އޭނާ އިތުރަށް ސުވާލު ކުރަން ފެށުމުން ފަޒަލް ހުރިހާ ވާހަކައެއް މިލާންއަށް ކިޔައިދިނެވެ. ރުހައިލާމެދު ކަންތައް ކުރެވުނު ގޮތުން އޭނާ ދެރަވެފައި ވާހަކަދައްކަން ފެށުމުން މިލާން ކަންބޮޑުވިއެވެ.
“ހިތަށްއަރާ ނައިރާއާ ރުހައިލު ނުގުޅުނު ނަމައޭ، އަހަރެން ހާދަ މަޖުބޫރެއް ކުރީމޭ ރުހައިލަށް، އަހަރެން މިއްމިދެކެ ވަރަށް ލޯބިވޭ، އަހަންނަށް މިއްމި ނުލިބި އެހެންމީހަކާ ކައިވެނި ކުރަންޖެހުނު ނަމަ މިހާ އުފަލެއްނުވާނެ…. ބައްޕަގެ އިހުސާސްތައް އަހަންނަށް ވިސްނޭ، ރުހައިލު އެހެން އުޅެނީ ކީއްވެކަން ވެސް މިހާރު އެނގޭ…. ލޯތްބަކީ އެހާ ފަސޭހައިން ހަނދާންނައްތާލެވިދާނެ އިހުސާސެއްނޫން… އަދިވެސް ވަގުތު އެބައޮތް، ނައިރާއަށް ހަޤީޤަތް އެނގުން މުހިއްމު، އަހަރެން ބޭނުން ނައިރާއަށް ކިޔައިދޭން، އެހެންނޫނީ މާބޮޑަށް ލަސްވެދާނެ، އެހެންނޫނީ އެ ދެމީހުންނަށް ވެސް އުފަލެއް ނުލިބޭނެ” މިލާންގެ ކަނދުރާގައި މޫނު ފޮރުވާލައިގެން އޮވެ ފަޒަލް ބުނެލިއެވެ. މިލާންއަށް ތިރީތުންފަތުގައި ދަތްއަޅާލެވުނެވެ. ފަޒަލް ބޭނުންވާ ގޮތަށް ކަންތައްކޮށްފި ނަމަ ނައިރާއަށް ވާނޭގޮތަކާމެދު މިލާންއަށް ވިސްނާލެވުނެވެ. އެކަކަށް ވެސް ނޭނގޭ ކަމެއް މިލާންއަށް އެނގޭތީ އޭނާ ކަންބޮޑުވަނީއެވެ. މިފަދަ ވަގުތެއްގައި ނައިރާއަށް ހަޤީޤަތް އެނގިއްޖެއްޔާ ވާނޭ ގޮތެއް ވެސް މިލާންއަށް ވިސްނާލަން ނޭނގެއެވެ. ފަޒަލް ހުއްޓުވަން މިލާން ބޭނުންވެއެވެ. އެކަމަކު ފަޒަލް، މިލާންދެކެ ލޯބިވާވަރު ފެނިފައި އޭނާއަށް ހަޤީޤަތް ސިއްރުކޮށްފައި ބާއްވާނެހާ ހިތްވަރު މިލާންއަކަށް ނުލިބުނެވެ.
“ފަޒަލް، ނައިރާއަށް ހަޤީޤަތް އެނގެންވީ ދުވަސް މާލަސްވެއްޖެ” މިލާން މިހެން ބުނުމާއެކު ފަޒަލް އޭނާއާ ދުރަށް ޖެހިލިއެވެ. އަދި މިލާންއަށް ވަރަށް ރަނގަޅަށް ބަލާލަމުން ސުވާލުކުރިއެވެ.
“ނައިރާ…. ނައިރާ ޕްރެގް…” ޖެހިލުންވުމެއް މިލާންގެ އަޑުގައި އެކުލެވިފައި ހުއްޓެވެ.
“ސީރިއަސްކޮށްތަ؟ ކޮންއިރަކު އެނގުނީ… ރުހައިލު ނުވެސް ބުނޭ، އެކަކު ވެސް އެވާހަކަ ނުދައްކާ” ކުއްލިއަކަށް ފަޒަލް ތެދުވެ އެނދުގައި އިށީނެވެ.
“އެކަކަށް ވެސް އަދި ނޭނގޭ، މިހާރު ދުވަސްކޮޅެއްވެއްޖެ… ނައިރާ ވަރަށް އާދޭސްކުރީމަ އަހަރެން އެކަން ސިއްރުކޮށްދިނީ، ރުހައިލު ގާތު ބުނުމަށް އަހަރެން ވަރަށް ގިނަ ފަހަރު މަތިން ނައިރާ ގާތު ބުނިން، އޭނާ ބުނި ވަރަށް އަވަހަށް އެންމެންނަށް އެ ޚަބަރު ދޭނަން ކަމަށް”
“އެއީ ނައިރާ ބޭނުން އިރަކުން ދޭން އޮތް ޚަބަރެއްތަ؟ ރުހައިލަށް އެންމެ ފުރަތަމަ ވެސް އެކަން އެނގެންޖެހޭނީ، އޭނާއަކަށް ނޯންނާނެ ރުހައިލަށް ސިއްރުކުރުމުގެ ހައްޤެއް، މިލާން ކީއްވެ އަހަރެން ގާތު ނުބުނީ، ރުހައިލަށް އެނގެން ޖެހޭނެ… އަހަރެން ބުނާނަން ރުހައިލު ގާތު…” ފަޒަލް ކުއްލިއަކަށް ހިތްހަމަނުޖެހުމުން މިލާން އިހުނަށްވުރެ ހާސްވިއެވެ. އަވަސް އަވަހަށް ތެދުވެ ފަޒަލްގެ ދެއަތުގައި ހިފާލިއެވެ.
“ފަޒަލް ގާތު ނުބުނާކަށްނޫން، އެކަމަކު ނައިރާ އެ ޚަބަރު ރުހައިލަށް ދޭން ފުރުޞަތުދީ، އަހަރުމެން އެ ދެމެދަށް ވަންނާކަށް ނުފެނޭ” މިލާން ބުނެލިއެވެ. މިލާންއަށް ފަޒަލް ބަލާލީ ނުރުހުމުގެ ނަޒަރަކުންނެވެ.
“ނައިރާއަށް ޖެހޭނީ ބުނަން” ބޮލުން ކޮއްލި އިޝާރާތަކާއެކު ފަޒަލް ބުނެލިއެވެ.
* * * *
ޖެހިގެން އައި ދުވަހު ހެނދުނު ސައިބޮއެ ނިމުމާއެކު ފަޒަލް މިލާންގެ ގާތުން އެދުނީ ނައިރާ ގެނައުމަށެވެ. ފަތިހު ތެދުވާގޮތަށް ނައިރާ އުޅޭނީ ހޭލާކަން މިލާންއަށް އެނގެއެވެ. ފަޒަލްއަށް ހުރިހާކަމެއް އެނގިއްޖެކަން ނައިރާއަށް އެނގުމުން ވާނޭ ގޮތަކާމެދު މިލާންއަށް ވިސްނާލެވުނެވެ. އެހެންނަމަވެސް ފަޒަލް ނުރުހިފައި ހުންނާކަށް މިލާން ބޭނުމެއްނޫނެވެ. އެހެންވެ އޭނާ ނައިރާއަށް ގުޅާ އެމީހުންގެ ބަޔަށް ގެނައެވެ.
“ކޮންއިރަކުން ރުހައިލު ކައިރީ ބުނަން ތިހުންނަނީ” ނައިރާ އައިސް މިލާންގެ ގާތުގައި ސޯފާގައި އިށީނުމާއެކު ރުހައިލު ބުނެލިއެވެ. އޭނާގެ އަޑުގައި ހުރި ހަރުކަށިކަމުން ނައިރާ ހައިރާންވިއެވެ.
“އާ ޔޫ އޯކޭ ފަޒަލް، ކޮންވާހަކައެއް ރުހައިލު ކައިރީ ބުނަންތަ” ނައިރާ ހީނލަމުން ވާހަކަދެއްކިއެވެ.
“ބަނޑުބޮޑުކަން…. ކޮން ދުވަހަކުން ބުނަން ތި މަޑުކުރަނީ” ފަޒަލްގެ ބަސްތަކާއެކު ނައިރާ ސިހުނެވެ. ވަގުތުން އިންތަނުން އޭނާއަށް ތެދުވެވުމާއެކު ހީވީ ބިރުގެންފައި ހުރި މީހަކު ހެންނެވެ. އޭނާގެ ނާޒަރު އަމާޒުވެފައި ހުރީ މިލާންއަށެވެ.
“އައި އޭމް ސޮރީ…” މިލާން ވަރަށް ދެރަވެފައި ބުނެލިއެވެ.
“ނައިރާ ބުނާނީތަ ނޫނީ އަހަރެން ބުނަންވީތަ؟” ފަޒަލް ބުނެލިއެވެ. އެއާއެކު ހިންދިރުވާލެވުނު ނައިރާއަށް ފަޒަލްއަށް ބަލާލެވުނެވެ.
“އަހަރެން ނުބުނާކަށް ނޫޅެން، އެކަމަކު ކުޑަދުވަސްކޮޅެއް….”
“ކުޑަދުވަސްކޮޅެކޭ… ކީއްކުރަން؟ ތީ ރުހައިލުގެ ދަރިއެއް ނޫންތަ؟ ބަނޑުބޮޑުވުމުން އެންމެ ފުރަތަމަ ވެސް އެނގެންޖެހޭނީ ފިރިމީހާއަށް، ދެން ކީއްވެ ނައިރާ ތިހާވަރަކުން ސިއްރުކުރަނީ” ފަޒަލް ހިތްހަމަނުޖެހިފައި ހުރިވަރުން ނައިރާގެ ވާހަކަ އަޑުއަހާކަށް އޭނާ ބޭނުމެއްނޫނެވެ. ހަމައެއާއެކު އޭނާގެ ސިކުނޑި ހާސްވެފައިވަނީ ރުހައިލަށް ވާނޭގޮތެއް ނޭނގޭތީއެވެ. ނައިރާ ސިއްރުކުރަނީ ފަހަރެއްގައި އެ ސަބަބަށްޓަކައިކަން ފަޒަލްއަށް ވިސްނެއެވެ. ރުހައިލު ކޮންމެ ގޮތަކަށް ކަންތައްކުރި ނަމަވެސް އޭނާއަށް ހަޤީޤަތް އެނގުން މުހިއްމު ކަމުގައި ފަޒަލް ދުށްޓެވެ.
“ތިން ދުވަސް… އެންމެ ތިން ދުވަސް، ބަރާބަރު ތިން ދުވަސްތެރޭ ނައިރާ ނުބުނެއްވިއްޖެއްޔާ، ރުހައިލާގެ ކަންފަތާ ހަމައަށް ތި ޚަބަރު ގެންދާނެ މީހަކީ އަހަރެން” ފަޒަލްގެ ބަހުގައި ހުރި ޔަޤީންކަން އޭނާގެ މޫނުމަތިން އެ ތަނުގައި ތިބި ނައިރާ އާއި މިލާންއަށް ފާޅުވެގެން ދިޔައެވެ. ދެމީހުން ވެސް ތިބީ ޖެހިލުންވެފައެވެ. ބިރުން ހުރި ގޮތަކަށް ނައިރާ ބޯޖަހާލިއެވެ.
ނައިރާ މާޔޫސްވެފައި މިލާންއަށް ބަލާލުމަށްފަހު ހިނގައިގަތީ އެގެއިން ނިކުތުމަށެވެ. މިލާން އިންތަނުން ކޮޅަށް ތެދުވި ނަމަވެސް ނައިރާގެ ފަހަތުން އޭނާ ނުދިޔައެވެ. ފަޒަލް ދެފަރާތަށް ބޯހޫރާލާފައި އައިސް ސޯފާގައި އިށީނެވެ.
ރުހައިލު ހޭލިގޮތަށް ފެންވަރާ ރީތިވެގެން ސައިކޮޓަރިއަށް ދިޔައެވެ. އެނދުގައި ގައުވެފައި އިން ބުދެއްހެން ނައިރާއިނެވެ. ރުހައިލަށް އެކަން ފާހަގަވި ހެން ވެސް ހިޔެއްނުވެއެވެ. އޮފީހަށް ގެންދާ ލެޕްޓޮޕު ދަބަސް އެއްކޮނޑުގައި އަޅުވާލުމާއެކު ކޮޓަރިން އޭނާ ނިކުތީއެވެ.
ސައިކޮޓަރި ތެރޭ ވަރުޝާއާ ވާހަކަދައްކަން ޝާރުދާ ހުއްޓެވެ. އޭނާއަށް ރުހައިލު ފެނުމާއެކު ސައިހަދައިދޭން އައެވެ.
“ކޮބާ ނައިރާ؟ ދަރިފުޅު އެކަނިތަ ސައިބޮނީ، މިއަދު ތަންކޮޅެއް ލަހުން އޮފީހަށް ދާ ދުވަހަކީތަ؟” ޝާރުދާ ދަރިފުޅާ ވާހަކަދައްކަމުން ސައިހެދުމުގެ ކަންތައް ކުރިއަށް ގެންދިޔައެވެ.
“ނައިރާ ކޮޓަރީގައި އެބައުޅޭ، އަޅުގަނޑަށް ތަންކޮޅެއް ގިނައިރު ނިދަން އޮވެވުނީ، މިހާރު މިއުޅެނީ އަވަސްކޮށްލައިގެން ދާންކަމަށް”
“ނައިރާ، ކެއުމާ ދުރުވެއްޖެހެން މަންމައަށް ހީވަނީ، ވަރަށް މަދުން ކަނީ، ގިނައިން ފެންނަނީ އައިސްކްރީމް ކާތަން، އެއީ ހަށިގަނޑަށް އެއްވެސް ފައިދާއެއްކުރާނެ އެއްޗެއްނޫން، ނައިރާ ކާހިއްވާ އެއްޗެއް ބުނަނިކޮށް ވަރުޝާ އެހީވާނެ އެ ތައްޔާރުކުރަން، ދަރިފުޅު ނައިރާއާ ވާހަކަދައްކަބަލަ، އެ ކުއްޖާ މާބޮޑަށް ހުދުވެފައި ހުންނަ ހެން ވެސް ހީވޭ”
“މަންމަ ކަންބޮޑުނުވެބަލަ، ނައިރާ ދޭތެރެއަކުން ބަދިގެއަށް ވަދެ ކޮންމެވެސް އެއްޗެއް ހަދާލައިގެން ކާނެ” ފަރުވާކުޑަގޮތަކަށް ރުހައިލު ބުނެލިއެވެ.
އަވަސްއަވަސްކޮށްލައިގެން ރުހައިލު ނިކުމެގެން ހިނގައްޖެއެވެ. ޝާރުދާ މޭޒުތީގައި ހުރި ތަށިތައް ނެގުމަށް ވަރުޝާއަށް ގޮވާލާފައި ބުނެލިއެވެ. އެއަށްފަހު އޭނާ ވެސް ނިކުމެގެން އައީ މެހެނާޒުގެ ކައިރިއަށެވެ. އެގެއަށް އައިސް ވަނުމުން ޝީލާ ހުރީ ހެނދުނުގެ ނާސްތާ ތައްޔާރުކޮށްފައިކަން އެނގުނެވެ. ނަމަވެސް އޭނާގެ ގާތުގައި އަހާލުމުން ކުދިން ސައިބޮއެފިކަމަށް ބުންޏެވެ. ޝާރުދާ، ޝީލާގެ ގާތުގައި ބުނެގެން ސައިތަބަކެއް ތައްޔާރުކޮށް އެ ހިފައިގެން މެހެނާޒުގެ ކޮޓަރިއަށް ދިޔައެވެ.
“މެހެނާޒު، މީ ދައްތައޭ…” ދޮރުގައި ޓަކިޖަހާލާފައި ޝާރުދާ ދޮރު ހުޅުވާލިއެވެ.
ކޮޓަރިތެރެއަށް އޮތީ އަނދިރިކަން ވެރިވެފައެވެ. އެއްވެސް ބޮތްކެއް ހުރީ ނުދިއްލައެވެ. ފަރުދާ ތެޅިލައިފިއްޔާ އަލިކަމެއްގެ ރޮނގެއް ކޮޓަރިއަށް އެޅިގެން ދެއެވެ. ޝާރުދާގެ ކައިރީގައި ހުރި ޝީލާގެ އަތުން ސައިތަބަށް ނެގުމާއެކު އޭނާ ފޮނުވާލާފައި މެހެނާޒުގެ ކޮޓަރިތެރެއަށް ވަނެވެ.
“މެހެނާޒު… ދެން ތެދުވޭ… ނުކައިނުބޮއެ ތިހެން އޮތުމުން ދެރަވާނީ ހަމަ މެހެނާޒަށް، ސައިބޮއެގެން ފާޚާނާއަށް ވަދެ ފެންވަރާލާ ހަދަނިކޮށް މީހާއަށް ތާޒާކަން ލިބިދާނެ، އޭރުން ރަނގަޅަށް ވިސްނޭނީ ވެސް”
ޝާރުދާ އައިސް އެނދުގެ އަރިމަތީ ކަބަޑުގައި ސައިތަބަށް ބަހައްޓާފައި މެހެނާޒުގެ މަގަތުން އެނދުގައި އިށީނެވެ. އަދި މެހެނާޒުގެ ކޮނޑުގައި ފިރުމާލިއެވެ.
“ބޭބެއާ ކުރިން ވާހަކަދެއްކުނީ ވަރަށް އަދަބު ކުޑަކޮށްލާފައިކަން އެނގޭ، އެކަމަކު އެއީ އަޅުގަނޑު ދެރަވެފައި ހުރިވަރުން، އަދިވެސް ޤަބޫލުނުކުރެވޭ ޝުޢައިބުގެ ފަރާތުން ފެނުނު ކަންތައް އެއީ ހަޤީޤަތެއް ކަމަކަށް…”
މެހެނާޒު ތެދުވެ އިށީންނަމުން ޝާރުދާގެ އަތުގައި ދެއަތުން ހިފާލިއެވެ. އޭނާގެ މޫނުމަތިން އަދިވެސް ފެންނަނީ ހިތާމަކުރާތަނެވެ. ލޮލުގައިވާ ރަތްކަން އޭރު ވެސް ފިލައިގެން ނުދެއެވެ. މެހެނާޒުގެ ހާލާމެދު ޝާރުދާ ހަމްދަރުދީވެއެވެ. އޭނާގެ ހާލުބަލަން އެކޮޓަރިއަށް އައުމަށް އޭނާ އަވަސްވެގަތީ އެހެންވެއެވެ.
“ގޮތް ދޫނުކުރުން ދޫކޮށްލާފައި ނިކަން ދައްތަގެ ވާހަކަ އަޑުއަހާބަލަ، ބޭބެ ވެސް ނަޞޭޙަތްތެރިވީ ޝުޢައިބުއާ ވާހަކަދައްކާ މި ސަކަރާތް ހުއްޓާލަން، މެހެނާޒާމެދު ޝުޢައިބު އަދިވެސް ވިސްނާކަން ދައްތައަށް ޔަޤީން، އޭނާ ގެއަށް ނައިސް އެހުންނަނީ މެހެނާޒު ޖަވާބެއް ނުދޭތީ… ކޮންމެ ގޮތެއް ވިޔަސް މެހެނާޒު ނުރުހޭތީވެ އޭނާ އެ ދިޔައީ”
“އެކަމަކު މިހާރު ޝުޢައިބު އަންނަންވެއްޖެއެއްނު”
“ބޭބެ ރޭގަ ވެސް ބުނި، ޝުޢައިބު ގުޅިޔަސް މެހެނާޒު ފޯނަށް ޖަވާބު ނުދޭ ވާހަކަ، ދެން ކިހިނެއްތަ އޭނާ އަންނާނީ” ޝާރުދާ މިހެން ބުނުމުން މެހެނާޒު ހިމޭންވިއެވެ.
“ދެން ހިނގާ ސައިބޯން، ފަޒަލް އާއި މިލާން ވެސް ތިބީ މެހެނާޒު އުޅޭ ގޮތުން ވަރަށް ކަންބޮޑުވެފައި، އަނެއްކާ މިލާން އޭނީ ބަލިވެ، މެހެނާޒުގެ އެހީތެރިކަން އެކުއްޖާއަށް ބޭނުންވާނެ”
ޝާރުދާ ސައިޖޯޑު މެހެނާޒުގެ އަތްނަގާ އަތަށް ލާދިނެވެ. އެއާއެކު މަޑުމަޑުން އިނދެ މެހެނާޒު ސައިބޮމުން ދިޔައެވެ. އޭނާ ސައިބޮއެ ނިމުމުން ޝާރުދާ ތަށިތައް އަތުރާފައި ހުރި ތަބަށް ހިފައިގެން ކޮޓަރިން ނިކުތެވެ. އިރުކޮޅަކު އެނދުގައި އިނދެފައި މެހެނާޒު ތެދުވިއެވެ. ޝާރުދާ އެދުނު ފަދައިން އޭނާ ފާޚާނާއަށް ވަނުމަށް ހިނގައިގަތެވެ.
ޝުޢައިބު އައިސް ގެއަށް ވަންއިރު ބޮޑުކޮޓަރިތެރެއިން މީހެއްގެ ހިލަމެއް ނުވިއެވެ. އޭނާ އައިސް މެހެނާޒުގެ ކޮޓަރީގެ ކުރިމަތީ ހުއްޓި ދޮރުގައި ޓަކި ޖަހާލުމާއެކު އެތެރެއިން މެހެނާޒުގެ އަޑު އިވުނެވެ.
“ހުޅުވާފައި”
ކޮޓަރިއަށް ވަން ޝުޢައިބަށް މެހެނާޒު ފެނި ހުއްޓެވުނެވެ. ރީތިވެލައިގެން އިން އިރު މެހެނާޒުގެ މޫނުމަތިން ތާޒާކަން ފެންނަން ހުއްޓެވެ. މީހާ ހަމަޖެހިފައި ހުރިކަން ޝުޢައިބަށް ޔަޤީންވިއެވެ. ރީތިވާ މޭޒު ކައިރީ ހުރި ގޮނޑީގައި އިށީނދެލައިގެން މެހެނާޒު އިނެވެ.
“ޝުޢައިބު ބުނަން އުޅޭ އެއްޗެއް އަހަރެން މި އިނީ އަޑުއަހަން ތައްޔާރުވެގެން” އިސްޖެހިފައި އިނދެ މެހެނާޒު ބުނެލިއެވެ.
“ނާޒް…” ޝުޢައިބު މަޑުމަޑުން މެހެނާޒަށް ގޮވާލިއެވެ. އަދި އައިސް އެނދުގައި އިށީނދެ ފުންނޭވާއެއް ލިއެވެ. އޭނާ ވާހަކަދައްކަން ފެށީ ދެނެވެ. ޝުޢައިބު ހުރިހާ ވާހަކައެއް މެހެނާޒަށް ކިޔައިދިނުމުން ވަކިން ބޮޑަށް މެހެނާޒުގެ ހިތުގައި ޖެހުނެވެ.
“ޝުޢައިބަށް އަހަރެންދެކެ ލޯތްބެއް ނުވެވުނުތަ؟”
“އަހަރެންގެ ހިތުގައި ނާޒްއަށްޓަކައި އިހުސާސްތަކެއް ވާތީ ދޯ މިބުނަނީ ނާޒްއާ ވަކިން އުޅޭކަށް ބޭނުމެއްނޫނޭ، އެހެންނޫންނަމަ ނާޒް ދޫކޮށްލާފައި އަހަރެން ދާންވީނު، އެގޮތް ވެސް އަހަންނަށް އެބައޮތް، އެކަމަކު އެހެނެއް ކަންތައް ނުކުރަމެއްނު، ސާރާ އަހަރެންގެ ދިރިއުޅުމަށް ގެނައެއް ކަމަކު ނާޒްއަށް އެއްވެސް އުނިވިތަ؟ ތީ އަހަރެން ފުރަތަމަ އަނބިމީހާ، އަހަރެންގެ އަލަތު ދަރިފުޅުގެ މަންމަ، އަހަރެންދެކެ ނާޒް ލޯބިވާކަން އެއީ އަހަންނަށް ނޭނގޭ ކަމެއްނޫން، އެ ލޯތްބަށް އަހަރެން އަބަދުވެސް ޤަދަރުކުރާނަން، ނާޒް، ހެޔޮނުވާނެ… އިތުރަށް ދެބަސްވާން އަހަރެން ބޭނުމެއްނޫން، އަހަރެންގެ ދިރިއުޅުމުގައި ނާޒްއަކީ ވެސް މުހިއްމު މީހެއް، އަހަންނަށް ފަޒަލް އާއި ނާޒްގެ ގާތްކަން ވެސް ބޭނުން، ތި ދެމައިންނާ ނުލާ ވަކިން އުޅޭކަށް ދުވަހަކު ވެސް ގަސްދެއްނުކުރަން”
މެހެނާޒަށް ކެތްނުވެގެން އޭނާ ރޮމުން ކުއްލިއަކަށް އައިސް ޝުޢައިބުގެ ގާތުގައި އިށީނދެ އޭނާގެ ގައިގާ އޮޅުލައިގަތެވެ. އެހިނދު ޝުޢައިބު ވެސް މެހެނާޒު ގެނެސް އޭނާގެ އަތުގެތެރެއަށް ލިއެވެ.
“އަހަރެން ނާޒްއާ ދުރަކަށް ނުދާނަން، ހަމައެއާއެކު ސަރާ ވެސް ވަރިއެއްނުކުރެވޭނެ، ނާޒްއަށް ފެނުނު ކުޑަ ދެ ކުދިންނަކީ އަހަރެންގެ ދެ ކުދިން، ނާޒްއަށް ހުރިހާކަމެއް ވިސްނޭނެކަމަށް އަހަރެން ހީކުރަން… ދެން ނުރޮއެ ނާޒް”
މެހެނާޒު، ޝުޢައިބުގެ މޭގައި މޫނު ފޮރުވާލައިގެން އިނދެ އެތައް އިރަކު ރުއެވެ. ޚުދު އޭނާ ވެސް ޝުޢައިބުއާ ދުރަށް ދާކަށް ބޭނުމެއްނޫނެވެ. އެހެންނަމަވެސް ސާރާ ބަލައިގަންނަން އޭނާއަށް ފަސޭހައެއް ނޫނެވެ. ހިތާއި ސިކުނޑި އެދެނީ ޝުޢައިބު ހުރި ހަމައެކަނި އަނތްބަކީ އޭނާ ކަމުގައި ވާށެވެ. މެހެނާޒުގެ ގާތުގައި ޝުޢައިބު ބެހެއްޓޭނީ، ޝުޢައިބު ބޭނުންވާ ގޮތާ އެއްބަސް ވެގެންކަމަށް ވާތީ މެހެނާޒު އެއްބަސްވީއެވެ. މިއަދު އޭނާއަކީ ކިތަންމެ ނުފޫޒު ގަދަ ގޮތްދޫނުކުރާ އަންހެނެއްކަމަކު ހިތް އެންމެ ބޭނުންވި ކަންތައް ހާޟިލެއްނުވިއެވެ. މި ދުނިޔެއިން އޭނާ އެންމެ ލޯބިވާ އިންސާނާ އެހެންމީހަކާ ޚިއްޞާކުރަން ޖެހުމުން ދުވަހަކު ވެސް ނުލިބޭވަރުގެ ވޭނެއް މެހެނާޒަށް ލިބިފައިވެއެވެ.
“ދުވަހަކު ވެސް އަހަރެން ދޫކޮށްލާފައި ނުދައްޗޭ” ދެ ލޯ ފޮހެލާފައި މެހެނާޒު، ޝުޢައިބަށް ބަލާލިއެވެ. އެއާއެކު މެހެނާޒުގެ ކޯތާފަތުގައި ދެއަތުން ހިފާލާފައި ޝުޢައިބު ބޯޖަހާލިއެވެ.
* * * *
މެހެނާޒު އާއި ޝުޢައިބު އެއްފުރާޅެއްގެ ދަށުން ފެންނަން ފެށުމުން ފަޒަލްއަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބިގެން ދިޔައެވެ. ނަމަވެސް މެހެނާޒުގެ އުޅުމަށް ބަދަލުތަކެއް އަތުވެއްޖެއެވެ. އޭނާ ކަންކަމާ ފާޑުކިޔާ ހެދުން މަދެވެ. ހިތްހަމަނުޖެހޭ ކަމަކާ ކުރިމަތިވެއްޖެނަމަ ގޭތެރޭގައި އިހަށް ބޮމެއް ގޮވާހާ ބާރުމިނުގައި އަޑުގަދަކޮށް ހެދުމެއް މިހާރަކު ނޯވެއެވެ. އެންމެން ވެސް ޤަބޫލުކުރީ އެއީ މެހެނާޒުގެ ފަރާތުން ފެނުނު ހެޔޮ ބަދަލެއް ކަމަށެވެ. އެކަމާ އެންމެ ހިތްހަމަޖެހިފައި ހުރީ ޝުޢައިބެވެ. ކުދިކުދި ކަންތައްތަކާ މެހެނާޒު ދެބަސްނުވާތީއެވެ. ލޯބިން އަނބިމީހާ ހިތްހަމަޖައްސައިދޭން ޝުޢައިބުއަށް ކުރެވުނު ކަމެއްވިއްޔާ އޭނާ ކުރެއެވެ.
ނައިރާ ތިން ދުވަހުގެ މުއްދަތެއް ފަޒަލް ދީފައި އޮތެއްކަމަކު އޭނާއަށް އެއްގޮތަކަށް ވެސް ރުހައިލު ގާތު އޭނާ ބަލިވެއިންކަން ބުނާކަށް ނުކެރުނެވެ. އެއީ އޭނާ ރުހައިލަށް އޮޅުވާލައިގެން ކުރިކަމަކަށް ވާތީއެވެ. އަދިވެސް ރުހައިލު ހީކުރަނީ އޭނާ ބަރާބަރަށް ބޭސްކަމުން ދާކަމަށެވެ. ބޭސްހުއްޓާލުމުން ގިނަ ދުވަސްތަކެއް ނުވެ ނައިރާ ބޭނުންވި ގޮތަށް ވަރަށް އަވަހަށް އޭނާ ބަލިވެއިނީއެވެ. އެ ހުރިހާކަމެއް އެނގުމުން ރުހައިލު ބުނާނެ އެއްޗެއް ނޭނގޭތީ އޭނާ ބިރުގަންނަނީއެވެ. ހަފްތާ ނިމިގެން ދިޔައިރު ވެސް ފަޒަލް ހުރީ ނައިރާ ބުނާނެކަމަށް ފުރުޞަތު ދީގެންނެވެ. އެހެންނަމަވެސް ގޭތެރެއިންނާއި ރުހައިލުގެ ފަރާތުން އެކަމުގެ ހިލަމެއް ނުވުމުން ނައިރާ ނުބުނާކަން ފަޒަލްއަށް ޔަޤީންވިއެވެ. އޭނާ މަޑުކުރަމުން އައީ މިލާން އާދޭސްކުރާ ވަރުންނެވެ. ދެން އިތުރަށް މަޑުކުރަން ފަޒަލް ބޭނުމެއްނުވިއެވެ. އެހެންވެ ހުކުރު ދުވަހުގެ މެންދުރު ކެއުން ނިންމަލާފާފައި ފަޒަލް އައީ ސީދާ ރުހައިލުއާ ބައްދަލުކުރާށެވެ.
“ހިނގާބަލަ އަހަންނާއެކު…” ފަޒަލް އައިސް ބޮޑުކޮޓަރީގެ ސޯފާގައި އިން ރުހައިލުގެ ކޮނޑުގައި ޖަހާލަމުން ބުނެލިއެވެ. އިތުރު ސުވާލެއް ކުރުމެއްނެތި ރުހައިލު ތެދުވީ ފަޒަލްގެ މޫނުމަތިން އޭނާ އެއާއި ވަރަށް ބޮޑުކަމަކުހެން ހީވެގެންނެވެ. އޭރު އެތަނުގައި މިލާން އާއި ނައިރާގެ އިތުރުން ދެފަރާތުގެ މައިންބަފައިން ވެސް ތިއްބެވެ. އެންމެނަށްވުރެ ބޮޑަށް ނައިރާގެ މޫނުމަތިން ހާސްކަން ފާޅުވެގެން ދިޔައެވެ.
“ކޮންތާކަށް” ނައިރާ ސުވާލުކޮށްލިއެވެ.
“އެބައަންނަން” ރުހައިލަށް އެއްޗެއް ނުބުނެވިގެން އުޅެނިކޮށް ފަޒަލް އަވަހަށް ޖަވާބުދިނެވެ.
ރުހައިލު ގޮވައިގެން ޕޯޓިކޯއިން ބޭރަށް ފަޒަލް ހިނގައިގަތެވެ. ދެ ޒުވާނުން އައީ ގޭޓާ ދިމާއަށެވެ. ރުހައިލު ހުއްޓުނީ ގޭޓާ އަރާ ހަމަނުވަނީސް އެ ހިސާބަށް އެޅިފައި އޮތް ހިޔާގަނޑުގައި ފަޒަލް މަޑުކޮށްލުމުންނެވެ.
“ހުރިހާކަމެއް ރަނގަޅުތަ؟ ހާދަ ސީރިއަސްވެފައި” ރުހައިލު އަހާލިއެވެ.
“ޝީ އިޒް ޕްރެގްނެންޓް” އެއްވެސް ވަގުތެއް ބޭކާރުކޮށްލުމެއްނެތި ފަޒަލް ބުނެލިއެވެ.
“ކާކު؟ މިއްމި ޕްރެގްކަން އެންމެނަށް އެނގެއެއްނު، މިހާރު ހަތަރުމަސްވަނީ…” ފަޒަލް ދައްކާ ވާހަކަ ދެކޮޅު ނުޖެހޭހެން ރުހައިލަށް ހީވިއެވެ.
“އަހަރެންގެ އަންހެނުންނެއްނޫން، ރުހައިލުގެ އަންހެނުންގެ ވާހަކަ މިދައްކަނީ” ފަޒަލް ބުނެލިއެވެ. އެއާއެކު ރުހައިލުގެ މޫނުމަތިން ހައިރާންކަމާއި ނުތަނަވަސްކަން ފާޅުވެގެން ދިޔައެވެ.
“ނުވާނެތިހިނެއް… އޭނާ ބަނޑުބޮޑުނަމަ އެނގޭނީ އަހަންނަށް، ފަޒަލްއަށް ކިހިނެއް އެނގުނީ” ރުހައިލު އަހާލިއެވެ.
“ނައިރާ ސިއްރުކުރާތާ ކިތަންމެ ދުވަހެއް، މިއްމި އަހަރެން ގާތުގައި ބުނީ، އެ ދެމީހުން އެކަން ސިއްރުކުރަނިކޮށް އަހަންނަށް އެނގުނީ… އަހަރެން ބުނިން ނައިރާ ކައިރީ ރުހައިލަށް އަންގަން، ތިންދުވަހުގެ މުއްދަތެއް ވެސް ދިނިން… މިހާރު ހަފްތާއެއް ވެގެން ދިޔައީ އޭގެ ފަހުން، ނައިރާ ނުބުނެފިއްޔާ އަހަރެން ބުނާނަންކަމަށް ނައިރާއަށް އަންގާފައި އޮންނާނީ، ކީއްވެތަ ނައިރާއަށް އެވާހަކަ ރުހައިލު ގާތު ބުނަން ނުކެރިގެން އެ އުޅެނީ”
“ނޭނގެ މަށަކަށް، އޭނާއަކަށްނު އެނގޭނީ” ވަގުތުން ރުހައިލުގެ މޫޑު ގޯސްވެއްޖެއެވެ.
“ރުހައިލު، އަހަންނަށް މާފުކުރޭ…”
“ފަޒަލްއެއްނޫންދޯ އެކަން އަހަންނަށް ސިއްރުކުރީ”
“އެކަމަކަށްނޫން… އަހަރެން މިހާރު ހިތަށް އަރަނީ ރުހައިލަށް މިކައިވެނި ކުރަން ބާރު ނޭޅުން ނަމައޭ، މަލީކު އަންކަން ގާތު ހުރިހާ ވާހަކައެއް ކިޔައިދެވުންނަމައޭ، ޝާރުދާ އާންޓީއަށް ރުހައިލުގެ އުފާވެރިކަމާ ހިތްހަމަޖެހުން ގުޅިފައިވަނީ ކާކާކަން ބުނެދެވުންނަމައޭ”
“މިހާރު މިއޮތީ މިކަން ގޯސްވާނެ އެންމެ ބޮޑަކަށް ގޯސްފައި، ދެން ރަނގަޅުވާނީ ފަޒަލް ވެސް އަޅާނުލިއްޔާ، އަހަރެން ވެސް ދިރިއުޅުން ކުރިއަށްގެންދަން މަސައްކަތް މިކުރަނީ….”
ފަޒަލްގެ ކޮނޑުގައި އެއަތް ބާއްވާލާފައި ރުހައިލު އޭނާ ބުނަންބޭނުންވި އެއްޗެއް ބުނެފައި ހަރުކޮށް ހިނގާފައި އައިސް ގޭތެރެއަށް ވަނެވެ. ނައިރާގެ ސަމާލުކަން ވަގުތުން ރުހައިލަށް ހުއްޓުނެވެ. ރުހައިލުގެ ދެބުމަ ގޮށްޖެހިފައިވާތަން ފެނި ނައިރާއަށް ކަންބޮޑުވުމާއެކު ތިރީތުންފަތުގައި ދައިގަނެވުނެވެ. އެހިނދު ރުހައިލު އަތުން އިޝާރާތްކޮށްލީ އޭނާއާއެކު އައުމަށެވެ. ކިޔަމަންތެރިކަމާއެކު ނައިރާ ތެދުވެގެން ރުހައިލުގެ ފަހަތުން އައެވެ.
“މި ކުދިވެރިން ކޮންކަމެއް ރާވާ ދުވަހެއްތަ؟ ފަހަރަކު މީހަކު ތެދުވެގެން އެބަދޭ” ޝާރުދާއަށް ނީނދެވިގެން ބުނެލިއެވެ. އެކަމަކަށް ޖަވާބުދޭން އެތަނުގައި އިނީ މިލާން އެކަންޏެވެ. އޭނާއަށް ބުނާނެ އެއްޗެއް ނޭނގި ހިނިތުންވެލައިގެން އިނެވެ.
ހަލުވިކޮށް އައިސް ކޮޓަރި ދޮރުމަތީ ރުހައިލު މަޑުކޮށްލައިގެން ހުރީ ނައިރާއަށް މަޑުކޮށްގެންނެވެ. ދޮރާ ހަމައަށް ނައިރާ ފޯރުމާއެކު ރުހައިލު އޭނާގެ މުލައްދަނޑީގައި ހިފާ ކޮޓަރިތެރެއަށް ވައްދާ ނިކަން ބާރަށް ދޮރުޖެހިއެވެ. އަދި އެއާއެކު އައިސް ފާޚާނާގައި ހުރި ކެބިނެޓް ހުޅުވާ އޭގެތެރޭގައި ހުރި ދޭތެރެދުރުކުރާ ބޭސްފޮށި ހިފައިގެން އައިސް ނައިރާގެ އަތަށް ލިއެވެ. އެއަށް އިޝާރާތްކޮށްލަމުން ރުހައިލު ދެބުމައަރުވާލާފައި ހަޝަމްބަދެލައިގެން ދުރުގައި މަޑުކޮށްލިއެވެ. ނައިރާ އެއްފަހަރު ރުހައިލަށް އަނެއްފަހަރު އަތުގައި އޮތް ބޭސްފޮށިގަނޑަށް ބަލަންފެށިއެވެ. ދުވަސްތަކަށް ބަހާފައި އޮތް އެ ފޮށިގަނޑަށް ބަލާލުމުން ފެންނަނީ ނައިރާ ބަރާބަރަށް ބޭސްކާކަމެވެ. ރުހައިލު އިޝާރާތް އެ ކުރަނީ އެކަމަށްކަން ނައިރާއަށް އެނގުނެވެ.
“އައި އެމް ޕްރެގް…” އިސްޖަހާލަމުން ދެ ލޯ މަރާ ބާރުކޮށްލައިގެން ހުރެ ނައިރާ ބުނެލިއެވެ.
“ތިކަން މިއަދު އެނގިއްޖެއްޔޭ…. ދެން ބޭސް ކާޑުން ބޭސްމަދުވަނީ ކީއްވެ، ތިހެން އުޅޭތާ ކިހާ ދުވަހެއްވެއްޖެ، އެއްފަހަރު ވެސް އަހަރެން ކައިރީ ބުނާކަށް ހިތަކަށް ނާރާތަ”
“އަހަރެން ބޭބީއެއް ބޭނުން”
“އެކަމަކު އަހަރެން އަދި ކުއްޖެއް ބޭނުމެއްނޫން، އެހެންވެތަ އަހަންނަށް އޮޅުވާލީ”
“ރުހައިލު، ޕްލީޒް… ބޭބީއެއް ލިބުނަސް އަހަރުމެންގެ ލައިފަށް ބަދަލެއް ނާންނާނެ، ރުހައިލުގެ މިނިވަންކަމެއް ވެސް ނުގެއްލޭނެ، ރުހައިލު ބޭނުމެއްނުވޭތަ ބައްޕައޭކިޔާ ގޮވާލާނެކުއްޖަކު ހުންނާކަށް”
“އަހަރެން އަދި ބޭނުމެއްނޫން، ބޭނުމެއްނޫނޭ ބުނީމަ ނައިރާއަށް އަހަރެން އެބުނާއެއްޗެއް ނޭނގެނީތަ”
“ރުހައިލު ބޭނުންނުވިޔަސް އަހަރެން މިހިރީ ޕްރެގްވެފައި، އަހަރެން މި ބޭބީ ބޭނުން” ނައިރާ ރޯންފެށިއެވެ.
މޫނުގައި އަތްއަޅައިގެން އައިސް އެނދުގައި ނައިރާ އިށީނެވެ. އޭނާ ރޯން ފެށުމުން ރުހައިލުގެ ދޫ ބަންދުވި ކަހަލައެވެ. އެއްޗެއް ނުބުނެވިފައި ހުރި މީހަކު ހެން ނައިރާއަށް އިރުކޮޅަކު ބަލަން ހުރެފައި ކޮޓަރިން ނިކުމެގެން ދިޔައެވެ. ދޮރުލެއްޕުނު އަޑާއެކު ނައިރާ މޫނުމަތިން އަތްނެގިއެވެ. އޭނާގެ ދެ ލޯ ވަނީ ފެންކަޅިވެފައެވެ. މޫނުމައްޗަށް ވައްތަރެއް ޖައްސާލުމާއެކު އެނދުމައްޗަށް އޭނާ ވެއްޓިގަތެވެ.
ކޮޓަރިން ނިކުމެގެން ދިޔަ ރުހައިލު ގޭގައި ވެސް މަޑުކުރާކަށް ބޭނުމެއްނުވިއެވެ. ޖިންސުގެ ޖީބަށް ދެއަތްތިލަ ކޮށްޕާލައިގެން ހުރެ ބާރު ބާރަށް ހިނގާފައި ރުހައިލު ދިޔައިރު ޚުދު އޭނާއަށް ވެސް ދެވެނީ ކޮންތާކަށް ކަމެއް ނޭނގެއެވެ. ހިނގަމުން ހިނގަމުން އައިސް ނިކުމެވުނީ ހިމަ ދިގު މަގަކަށެވެ. މީހާއަށް ލިބިފައި ހުރި ހާސްކަމުގެ ތެރެއިން ސިހިގެން ދިޔައީ ފަހަތުން ލޮރީއެއްގެ ބަރުގޮނުގެ އަޑާއެކުއެވެ. އަވަސް އަވަހަށް އެއްފަރާތުގައި ޖަހާފައި ހުރި ސައިކަލުތަކުން ދެ ސައިކަލެއްގެ މެދަށް ވަދެ އެ ލޮރީއަށް ކުރިއަށް ދިއުމަށް ތަންދިނެވެ. އެތަނުގައި މަދު ވަގުތުކޮޅަކަށް މަޑުކޮށްލި ނަމަވެސް ރުހައިލު ޖީބުގައި އޮތް ސިނގިރޭޓު ފޮށި ނަގާ އެއިން ސިނގިރޭޓެއް ރޯކޮށްލިއެވެ. މަގުގައި ހިނގާނޭ ޖާގަ ލިބުމާއެކު ރުހައިލު އެނބުރި އައިކޮޅަށް ހިނގައިގަތެވެ. އެހެންނަމަވެސް އޭނާ ގެއަށް ނައިސް ނިކުތީ ސަލްޓަންޕާކާ ދިމާއަށެވެ. އެތަނުގައި ހުރި ހިލަ ގޮނޑިތަކުން ގޮނޑިއެއްގައި އޭނާ އައިސް އިށީނެވެ. ބޯގޮވާފައި އިން މީހަކު ހެން ފައިގައި އުޅަންބޮށި ވިއްދާލައިގެން ބޮލުގައި ދެއަތުން ހިފަހައްޓާލައިގެން އިނެވެ. އޭރު ދެއިނގިލި ދޭތެރޭގައި ހިފަހައްޓާލާފައި އޮތް ސިނގިރޭޓުން ދުން އަރައަރާ ހުއްޓެވެ. އެހެން އިނދެފައި ރުޅި އައިސްގެން ޗޮކެއްކަނޑާލިއެވެ. އަދި ޖީބުގައި އޮތް ފޯނު ނަގާ ވަގުތުން އަރުފީނުގެ ނަންބަރަށް ގުޅަން ފެށިއެވެ.
“މީ އަރުފީނު އަހަންނަށްޖެއްސި ހާލެއް… އައި ހޭޓް ޔޫ… އައި ހޭޓް ޔޫ…” މަޑުމަޑުން ރުހައިލު ބުނެލިއެވެ.
އެތައް އިރަކު ފިކުރުބޮޑުވެފައި ރުހައިލު އިނެވެ. އެނބުރިގެއަށް ދާން ބޭނުންނުވާ ކަހަލައެވެ. އަތުކުރީ އޮތް ގަޑިއަށް ބަލާލާފައި ފުންނޭވާއެއް ރުހައިލު ލިއެވެ. ކަންނެތް ގޮތަކަށް ތެދުވެގެން ގެއާ ދިމާއަށް ދިއުމަށް އޭނާ ހިނގައިގަތީ އެނބުރީ ދާނެ އިތުރުތަނެއް ނެތް މީހަކު ހެންނެވެ.
ނައިރާއަށް ވެގެން އުޅޭގޮތެއް ނޭނގި އޭނާ ކޮޓަރިން ނުކުމެ އުޅޭތަން ނުފެނިގެން ޝާރުދާ ކަންބޮޑުވިއެވެ. މެންދުރުގެ ކެއުމުގައި މޭޒު ދޮށުން ނައިރާ އާއި ރުހައިލު ވެސް ނުފެނުނެވެ. ރުހައިލަށް ގުޅުމުން އޭނާ ފޯނެއް ނުނަގައެވެ. ކަންބޮޑުވެފައި ހުރެ ޝާރުދާ އައިސް ރުހައިލުގެ ކޮޓަރީގައި ޓަކި ދިނެވެ. އެއްވެސް އަޑެއް ނީވުމުން ތަޅުގައި ހިފާލިއިރު ދޮރު ހުރީ ހުޅުވާފައެވެ. އެހެންވެ މަޑުމަޑުން ކޮޓަރިތެރެއަށް ޝާރުދާ ވަންނަމުން ރުހައިލަށާއި ނައިރާއަށް ގޮވާލިއެވެ. އެނދުގައި އޮތް ނައިރާ ތެދުވީ އެވަގުތުއެވެ.
“ދަރިފުޅު އެކަނިތަ؟ ހާދަ ބަލިވައްތަރު ޖަހައޭ، އަނެއްކާ ދަރިފުޅު ބަލިވީތަ؟” އެނދުން ތެދުވެ އިށީން ނައިރާގެ މޫނު ފެނިފައި ޝާރުދާ އަހާލިއެވެ.
ޝާރުދާ އެކިއެކި ސުވާލު ނައިރާއާ ކުރަން ފެށުމުން އޭނާ ކަންބޮޑުވިއެވެ. އެކަން އޭނާގެ މޫނުން ވެސް ފާޅުވަމުންދިޔައެވެ. އިތުރަށް ޝާރުދާގެ ސުވާލުތައް އަމާޒުވާން ފެށީ އެހެންވެއެވެ. ނައިރާއާ ދެބަސްވެފައި ރުހައިލު ގެއިން ނިކުމެގެން ދިޔަކަން އެނގުނީމަ ނައިރާ ވަކިން ދެރަވިއެވެ. އެހެންނަމަވެސް އޭނާ މިހާރު ބޭނުންވަނީ ބަނޑުގައި އުފެދެމުން އަންނަ ދަރިފުޅެވެ. ރުހައިލު ހިތްހަމަނުޖެހުނަސް އޭނާ އެ ދަރިފުޅު ބޭނުމެވެ. ފަހުން ރުހައިލު ވެސް އެ ދަރިފުޅު ބޭނުންވާނެކަމުގައި ނައިރާ ޔަޤީންކުރެއެވެ. އެހެންވެ ޝާރުދާގެ ސުވާލުތައް ހުއްޓުވަށްޓަކައި އޭނާ ބަލިވެ އިންކަމުގެ ޚަބަރު ޝާރުދާއަށް ދިނެވެ. ރުހައިލު ހިތްހަމަނުޖެހުނަސް ފަޒަލް ބުނި ހެން އެއީ ސިއްރުކުރެވޭނެކަމެއް ނޫންކަން ނައިރާއަށް އެނގޭތީއެވެ. ދަރިފުޅު ބޭނުމެއްނޫނޭ ރުހައިލު ބުނެ ގޮތެއް ނިންމުމުގެ ކުރިން ނައިރާ އޭނާ ބޭނުންވާގޮތް ނިންމީއެވެ.
* * * *
ނައިރާ ބަލިވެ އިން ޚަބަރު މަލީކު އާއި ޝާރުދާއަށް ލިބުމުން އެ ދެމަފަރިންނަށް ލިބުނު އުފަލުގެ ކޮޅެއްނެތެވެ. ޢާއިލާގެ ދެ ޅީ ދަރިން ބަލިވެ އިނުންވީ ގޭތެރެއަށް ޢީދެއް އައުމެކޭ އެއްވަރުގެ ކަމަކަށެވެ. ޝާރުދާ އެ ޚަބަރު ދިނުމަށް އޭނާގެ ދޮށީ ދަރިފުޅު އިޒުވާނަށް ގުޅިއެވެ. އަދި އުފަލުގައި ބައިވެރިވުމަށް ޗުއްޓީއެއް ނަގައިގެން ޢާއިލާ ކައިރިއަށް އައުމަށް ޝާރުދާ އެދުނެވެ. އެހެންނަމަވެސް އިޒުވާނު ބަހަނާއެއްކަމުގައި ދެއްކީ އަވަދިނެތި އުޅެންޖެހޭ މަސައްކަތެވެ. ޝެރީލްއަށް ޗުއްޓީއެއް ނެގުން ފަސޭހަ ނުވާނެކަމެވެ. އޭގެ ބަދަލުގައި އޭނާގެ ކައިރިއަށް ލަންޑަނަށް ޢާއިލާގެ މެންބަރުން އައުމަށް އިޒުވާނު އެދުނެވެ. ދަރިފުޅު ނުފެނި ދުރުގައި ހުންނަތާ ގިނަ ދުވަސްތަކެއްވި ނަމަވެސް އިޒުވާނަށް އޭނާގެ ޢާއިލާ މީހުން މުހިއްމު ނޫންކަމުގައި ޝާރުދާއަށް އިހުސާސްވިއެވެ. އެ ދަރިފުޅަށް ނަޞޭޙަތެއް ދިނެއްކަމަކު އަޑެއް ނާހާނެކަން ޝާރުދާއަށް އެނގެއެވެ. އެހެންނަމަވެސް ދަރިއެއްވީމަ އެ ދަރިފުޅު އުޅޭނެތާކު އުޅެން ދުކޮށްލައިގެން ހުންނަން އޭނާގެ ހިތަށް ކެތްނުވަނީއެވެ. އިޒުވާނުގެ ވާހަކަތަކުން އޭނާ ދުވަހަކު ވެސް ލަންޑަން ދޫކޮށް މާލެ އަންނާކަށް ގަސްދެއްނުކުރެއެވެ.
ރުހައިލުގެ މޫނުމަތިން ނައިރާ ބޭނުންވާ ފަދަ އެއްވެސް ކުލަވަރެއް ނުފެނެއެވެ. ލޯބިން އަނގައިން ނުބުނާތަނުގައި ނައިރާގެ ހާލު ވެސް އޭނާ އަހާނުލައެވެ. ބަލިވެ އިން އަނބިމީހާއަށް އެއްފަހަރު ވެސް ލޯބިން ބަލާލާނެ ކަމަށް ނައިރާ ކުރާ އުންމީދު ކުޑައެއްނޫނެވެ. ނިދަން އޮންނަ ވަގުތުތަކުގައި ރުހައިލުއާ އޭނާ ވާހަކަދެއްކި ނަމަވެސް އެއްފަހަރު ވެސް ޖަވާބެއް ނުދެއެވެ. ބައެއްފަހަރު އޭނާ އަޑުއަހާހެން ވެސް ހީވެއެވެ.
“ރުހައިލު ކޮންކަމަކާތަ ހިތްހަމަނުޖެހިގެން ތިއުޅެނީ، މީ ރުހައިލުގެ ވެސް ދަރިއެއްނު، މި ދަރިފުޅަށް ރުހައިލުގެ ލޯބި ބޭނުންވާނެ، އިނދެގެން އުޅޭއިރު ދެ މީހުންގެ މައްސަލައެއްނެތިއްޔާ ޕްރެގްވުމަކީ ވުން އެންމެ ގާތްކަންތައް، މިއްމި ޕްރެގްވީމަ ފަޒަލް އުފަލުން އުޅުނު ގޮތް އަހަންނަށް ފެނުނު، ހިތަށް އަރާ ރުހައިލު އުފާނުވާންވީ ކީއްވެބާއޭ…. ޕްލީޒް ރުހައިލު، އަހަރުމެންގެ މި ދަރިފުޅަށް އުނިކަމެއް ލިބޭކަށް ބޭނުމެއްނޫން”
އެނދުގައި ނައިރާއަށް ފުރަގަސްދީގެން އޮތް ރުހައިލުގެ ކޮނޑުގައި ހިފައި ނައިރާ ތަޅުވާލިއެވެ. އެހެންނަމަވެސް ރުހައިލު ހީވަނީ ހިލައިގެ ބުދެއްހެންނެވެ. އޭނާ ނައިރާއާ ކުރިމައްޗެއް ނުލިއެވެ. ލޯ ހުޅުވައިގެން އޮތީ ނައިރާގެ ވާހަކަތައް އަޑުއަހާށެވެ. ޚުދު އޭނާއަށް ވެސް ވާގޮތެއް ނޭނގެއެވެ. ފަޒަލް، މިލާން އާއި ހެދި އުޅޭގޮތް ރުހައިލަށް ފެނެއެވެ. އެއީ ލޮލަށް ފިނިކަން ލިބިގެންދާ ފަދަ މަންޒަރުތަކެކެވެ. ލޯތްބާއި އޯގާތެރިކަމުން ފުރިގެންވި މަންޒަރުތަކެކެވެ. ދުވަސްތައް ފާއިތުވަމުން ދިޔައިރު ނައިރާގެ ވެސް ކުޑަކުޑަ ބަނޑެއް ނިކުމެއްޖެއެވެ. އެކަމަކު ލޯބިން އެބަނޑުގައި ފިރުމާލަން ރުހައިލު ހިތަށް ވެސް ނާރަނީއެވެ. އެ ބަނޑާއެކު ނައިރާ ފެނުމުން އޭނާއަށް ކުރިން ނުވާ އުނދަގޫތަކެއް އިހުސާސްކުރެވެނީއެވެ. ނަމަވެސް އެކަނި ހުންނައިރު ނައިރާގެ ބަނޑުގައިވާ ދަރިފުޅާ މެދު ރުހައިލު ވެސް ވިސްނައެވެ. އެ ކުއްޖާ ދުނިޔެއަށް އުފަންވެއްޖެނަމަ ދެންވާނީ ކިހިނެއްކަމާމެދު އޭނާއަށް ވަރަށް ވިސްނެއެވެ. އެކަން ނައިރާއަށް ހާމަކުރާކަށް އޭނާ ބޭނުމެއްނޫނެވެ.
ނައިރާއަށް ވާހަކަދައްކަމުން ގޮސް ރޮވެންފެށުނެވެ. ބަލިވެ އިނުމުން ކުޑަކުޑަކަމެއް ވިޔަސް ހިތަށް އަސަރުކުރާވަރު ބޮޑުވެއެވެ. އެހެންނަމަވެސް އޭނާއަށް މިރޭ ހުއްޓާލެވޭގޮތެއް ނުވިއެވެ. ޝަކުވާކުރަމުން ގޮސް ރުހައިލުގެ ބުރަކަށީގައި ތަޅައި ވެސް ގަތެވެ. އޭނާ ދައްކާ ވާހަކަ ރުހައިލު އަޑުއަހަން ޖެހޭނެ ކަމުގައި ބުނެއެވެ.
“އަހަންނާ މެދު ތިގޮތަށް ކަންތައްކުރާންތަ ރުހައިލު އަހަންނާ މެރީ ކުރީ” ނައިރާ ރޮމުން ސުވާލުކުރިއެވެ. އަދި އެ ސުވާލު ތަކުރާރު ކުރަމުން ދިޔައެވެ. ފަހަރަކަށްވުރެ ފަހަރެއް ނައިރާގެ އަޑު ގަދަވަމުން ދިޔައެވެ. އަޑުނީވޭކަމަށް ހަދައިގެން ރުހައިލަކަށ ނޯވެވުނެވެ. އޭނާއަށް މަޖުބޫރުވީ ތެދުވާށެވެ.
“ދެން ހުއްޓާލާ” ނައިރާއާ ދިމާއަށް އެނބުރިލަމުން ރުހައިލު ބުނެލިއެވެ. ނަމަވެސް ނައިރާގެ ރުއިމަށް ބަދަލެއް ނައެވެ. އެންމެފަހުން ނައިރާގެ ކޮނޑުގައި ރުހައިލު ފިރުމާލާފައި ރުއިން ހުއްޓާލުމަށް އެދުނެވެ. އެއާއެކު ރުހައިލުގެ އަތުގެތެރެއަށް ނައިރާ އައިސް ވަނެވެ. އިތުރަށް ޝަކުވާކޮށްލިއެވެ.
“ރުހައިލު އަހަރެންދެކެ ލޯތްބެއްނުވޭ…” ރޮމުން ރޮމުން ރުހައިލުގެ މޭގައި މޫނު ފޮރުވާލައިގެން އޮވެ ނައިރާ ބުނެލިއެވެ. ރުހައިލު ވަކި އެއްޗެއް ނުބުނި ކަމުގައި ވިޔަސް ނައިރާ ހުއްޓުވާލަން އޭނާ މަސައްކަތްކުރިއެވެ.
* * * *
ދުވަސްތައް ފާއިތުވެ މިލާންގެ ބަނޑަށް ނުވަމަސް ފުރި ވިހަންވީ ވަގުތު އައިސް ޖެހުނު އިރު ނައިރާގެ ބަނޑަށް ހަތް މަސް ފުރިއްޖެއެވެ. ހޮސްޕިޓަލުގައި ޢާއިލާގެ ހުރިހާ މެންބަރުން ތިބިއިރު ނައިރާ ވެސް ރުހައިލުގެ ގާތުގައި މަޑުކޮށްލައިގެން ހުއްޓެވެ. ގިނައިރެއްނުވެ ދަރިފުޅު ދައްކާލުމަށް ވިއްސާކޮޓަރީގެ ދޮރުހުޅުވާލާފައި ނަރުސްކުއްޖަކު ނިކުތެވެ. މަޑުފެހިކުލައިގެ ރަޖާގަނޑުގެ ތެރޭ ދެ ލޯ މަރާލައިގެން އޮތް ތުއްތު ދަރިފުޅުގެ ގައިގާ އެންމެ ފުރަތަމަ ހިފަހައްޓާލީ ފަޒަލްއެވެ. އެއާއެކު އެންމެން އޭނާގެ ވަށާލައިފިއެވެ. ފަޒަލް ދަރިފުޅު އުރާލައިގެން ހުރި ގޮތް ފެނިފައި ރުހައިލުގެ ހިތަށް ވެސް އަސަރުތަކެއް ކުރިއެވެ. އެނބުރި ނައިރާއަށް ބަލާލެވުނީ އެހެންވެއެވެ. ރުހައިލު ބަލާލުމާއެކު ހިނިތުންވެލައިގެން ހުރި ނައިރާ ކުރިއަށްވުރެ ބޮޑަށް ރުހައިލުގެ ގާތަށް ޖެހިލިއެވެ.
ހުރިހާ ކަމެއް ވެސް ދިޔައީ ރަނގަޅަށް ކަމަށްވާތީ ދެތިން ދުވަހެއްގެ ތެރޭ މިލާން ގެއަށް ފޮނުވާލައިފިއެވެ. ގެއަށް އައީ ކުޑަކުޑަ މެހެމާނުގެ ކައިރިން އެންމެން ދުރަށް ނުދެއެވެ. ފަޒަލް އާއި މިލާން އެ މީހުންގެ ދަރިފުޅަށް ނަންކީ “ޒައިކް”ގެ ނަމުންނެވެ. އެއަށްފަހު ގޭތެރޭގައި އަބަދުމެ އިވެނީ ޒައިކްއަށް ގޮވާއަޑެވެ. ނަންކިޔުމުގެ ހަފުލާ ބޭއްވީ ވަރަށް ވެސް ކުލަގަދަކޮށެވެ. ދެފަރާތުގައި ޢާއިލާތަކުގެ އެތައް ބަޔަކު ބައިވެރިވިއެވެ. މިހުރިހާ މަންޒަރެއް ދެކެމުން އައި ނައިރާ އޭނާގެ ދަރިފުޅު އުފަންވާނެ ދުވަހަށް ފޮނި ހުވަފެންތައް ބަލަމުން އައެވެ. ރުހައިލު ވެސް މިހާރު ބަދަލުވާން ފަށައިފިހެން ނައިރާއަށް ހީވެއެވެ. އެކަމާ ވެސް އޭނާ ހުންނަނީ އުފަލުންނެވެ.
އުފަލާ ހިތްހަމަޖެހުމުގެ ދުވަސްތައް ދިޔަ ފާއިތުވަމުން ދިޔައީ ވަރަށް އަވަހަށެވެ. ޢާއިލާގެ ތެރޭގައި ހިތާމައިގެން ކުނޑިފުކެއްހާ މިންވަރު ވެސް ނުވާ ކަހަލައެވެ. މިންވަރުކުރެއްވި ގޮތަށް ޝުކުރުކޮށްލައިގެން ހުރީ ރުހައިލެވެ. އޭނާ އިތުރަށް ނައިރާއާ ދެބަސްވާކަށް ބޭނުމެއްނޫނެވެ. ދަރިއަކު ލިބެން އުޅޭކަން އޭނާ ޤަބޫލުކުރީއެވެ. ނައިރާ ބުނިހެން އެ ދަރިފުޅަށް އޭނާގެ ލޯބި ވެސް ލިބެންޖެހޭނެއެވެ. އަނެއްކޮޅުން ހަޔާތުގައި ލިބޭ ފުރަތަމަ ދަރިފުޅެވެ. ބައްޕައަކަށް ވަނީއެވެ. ނައިރާ ނޫން ބައިވެރިއަކު އޭނާގެ ހަޔާތަށް އައުމެއްނެތެވެ. ނައިރާއާ ދުރަށް ދާން މަސައްކަތްކުރުމަށްވުރެ އެ ދެމެދުގައި އޮތް ގުޅުން ބަދަހިކުރުމަށް މަސައްކަތްކުރަން ރުހައިލު ނިންމިއެވެ. ނައިރާ ވިހަން ކައިރިވާއިރު އޭނާގެ ގާތުގައި ހުންނަން ރުހައިލު ވެސް ބޭނުންވެއެވެ. ދަރިފުޅު ލޮލަށް ނުފެނުނު ކަމުގައި ވިޔަސް އެ ދަރިފުޅު އުފަންވާނޭ ދުވަސް ގާތްވެގެން އައުމުން ބައެއް އެއްޗެހި ގަތީ ރުހައިލު އާއި ނައިރާ އެކުގައި ގޮހެވެ. ދެ މީހުން ވެސް އެ ދަރިފުޅު އުފަންވާނޭ އިރެއްގެ އިންތިޒާރުގައި ތިބިކަން ޔަޤީނެވެ.
ކޮންމެ އަހަރަކު ހުރިހާ އެންމެންގެ އުފަންދުވަސް ފާހަގަކުރުމަކީ ޢާއިލާގެ ތެރޭގައި އޮންނަ ކަމެކެވެ. ހީވެސް ނުކުރާ ފަދަ އަގުބޮޑެތި ހަދިޔާތައް ބަދަލުކުރެވިގެންދެއެވެ. ޢާއިލާގެ ހުރިހާ މެންބަރުންގެ ތެރެއިން އެންމެ ފަހުން އަންނަ އުފަންދުވަހަކީ ރުހައިލުގެ އުފަންދުވަހެވެ. ގޭތެރޭގައި އެންމެން ވެސް އުޅުނީ ރުހައިލަށް ދޭނެ ހަދިޔާއެއް ނޭނގިގެންނެވެ. ނުވަމަސް ފުރެން ދެ ދުވަހަށްވެފައި އިން ނައިރާ ވެސް ލިފްޓުން ނުކުތް ގޮތަށް ބަރުހެލިކަމާއެކު ހިނގައިގަތީ ފަޒަލްމެންގެ ބަޔަށް ދިއުމަށެވެ. ރުހައިލަށް މި އަހަރު ދޭނެ ހަދިޔާއެއް އެއްގޮތަކަށް ވެސް ނައިރާއަކަށް ނޭނގެއެވެ. އޭނާ ފިކުރުބޮޑުވެގެން އުޅެނީ އެހެންވެއެވެ. އޭރު މަލީކުއާއެކު ރުހައިލު އޮފީހުން އެނބުރި ނާދެއެވެ. ބަގީޗާ ކައިރީ ހުރެފައި އެނބުރިލި ވަގުތު ޝާރުދާއަށް ނައިރާ ފެނުނެވެ.
“ދަރިފުޅު ކޮންތާކަށް” ޝާރުދާ މިހެން ބުނެލުމާއެކު ނައިރާ ހިނގައިގަތީ އޭނާއާ ދިމާއަށެވެ. މުޅި މީހާ ހުންނަނީ ފޮއްސިވެފައެވެ. ޝާރުދާ އާއި މަރިޔަމްގެ އަޅާލުން ލިބި މިހާރު ނައިރާގެ ފައިގެ ދުޅަ ވަރަށް ބޮޑުތަން ކުޑަވެ އޭނާއަށް މަޑުން ވިޔަސް ހިނގަން އުޅޭކަށް އުނދަގުލެއްނުވެއެވެ. މިހާރު ވެސް ނައިރާގެ ރީތިކަން އުންޏެއްނުވެއެވެ. ދެ ކޯ ބޮޑުކަމަށްދެއްކިޔަސް ދެ ލޮލުގައިވާ ވިދުން އަދިވެސް އެބަހުއްޓެވެ. ކަޅުކުލަ ގަދަ ފަންއިސްތަށިގަނޑު ގަތާލާފައި އެއްފަރާތައް ދޫކޮށްލާފައި އޮތެވެ. މަޑުމަޑުން އައިސް ޝާރުދާގެ ގާތުގައި ހުއްޓުމާއެކު ޝާރުދާ އަވަސް އަރުވާލާފައި އެތާ ކައިރީ ހުރި މޭޒުގެ ދޮށުގައި ނައިރާ ބައިންދަން އުޅުނެވެ.
“މަންމާ، ރުހައިލަށް ބާތްޑޭ ގިފްޓެއް ހޯދީތަ؟ އަޅުގަނޑަށް މިފަހަރު އެއްގޮތަކަށް ވެސް ނޭނގުނު ދޭނީ ކޮންއެއްޗެއްކަމެއް، ރުހައިލު އެއްޗެއް ބޭނުންވެގެން އުޅޭނަމަތާ އެ އެއްޗެއް ހޯދާ ދެވޭނީ” ނައިރާ ތުންކޮޅަށް ގޮތެއް ހަދާލިއެވެ.
“ދަރިފުޅު ނިކަން ނޭނގޭކަމަށް ހަދާފައި ރުހައިލު ކައިރީ އަހާލަބަލަ ބޭނުންވަނީ ކޮންއެއްޗެއްތޯ، އޭރުން ބުނެދާނެ…” ޝާރުދާ ވެސް ނައިރާއާއެކު މޭޒު ދޮށުގައި އިށީންނަމުން ޚިޔާލު ފާޅުކުރިއެވެ.
“އޭރުން އެއްވެސް ސަޕްރައިޒެއް ނުވާނެ، އަޅުގަނޑު ބޭނުންވަނީ ރުހައިލު ސަޕްރައިޒްކޮށްލަން”
“މަންމައަށްވުރެ ބޮޑަށް މިހާރު ނައިރާއަކައްނު ރުހައިލު ބޭނުންވާ އެއްޗެއް އެނގޭނީ، ދަރިފުޅު ނިކަން ވިސްނާލަބަލަ، ނޫނީ ހެދުމެއް ދޭންވީނު”
“ނޫން، މިދިޔަ ފަހަރު ވެސް ގަޑިއަކާ، ޓީޝާޓަކާ އެއްޗެހި ދިނީ، އެއްކަލަ ރަންކުލައިގެ ގަލަން ވެސް…. ފަޒަލް ކައިރިއަށް މިދަނީ ރަނގަޅު ޚިޔާލެއް އޭނާ ދޭތޯ، ވިސްނާވިސްނާ ވެސް ބޮލަކަށް ނުވަން، މާދަމާ ރެއަށް ހޯދަން އެބަޖެހޭ ކޮންމެގޮތަކުން ވެސް”
“ދަރިފުޅު ތިހާލުގައި ތިވަރަށް ވިސްނާނެކަމެއްނެތް، ކޮންމެ އެއްޗެއް ދިނަސް ރުހައިލު ހުންނާނީ ވަރަށް އުފަލުން، ޔަޤީނުން ވެސް ދަރިފުޅުގެ ބަނޑުގައި ތި އޮތް ތުއްތުފުރާނައަށްވުރެ އަގުބޮޑު ހަދިޔާއެއް ރުހައިލަކަށް ނުދެވޭނެ”
ޝާރުދާ، ނައިރާގެ ހިތްހަމަޖައްސާލި ނަމަވެސް އޭނާ ހާމަކުރީ ތެދެވެ. ހިނިތުންވެލަމުން ނައިރާ ތެދުވިއެވެ. އަދި އޭނާ ގޮސް ފަޒަލްމެންގެ ބަޔަށް ވަނެވެ.
ރުހައިލު އާއި މަލީކު އައިސް ގެއަށް ވަނެވެ. ހިނިއައިސްފައި ހުރެ ޝާރުދާ އެމީހުންގެ ގާތަށް އައެވެ. ބޮޑުކޮޓަރިއަށް ވަނީ އެންމެން އެކުގައެވެ.
“މަންމާ، ނައިރާ ކޮބާ؟”
އެހެންޏާ ރުހައިލު އޮފީހުން އަންނަލެއް ލަސްވެގެން ސޯފާގައި ނައިރާ އިންނާނެއެވެ. މިއަދު ނުފެންނާތީ އޭނާއަށް ވަގުތުން އަހާލެވުނީއެވެ. ނައިރާ އިން ހާލުން އޭނާ ވެސް ކަންބޮޑުވެ ހާސްވެއެވެ. ކޮންމެ ވަގުތަކު ވެސް ނައިރާ ހޮސްޕިޓަލަށް ގެންދަން ޖެހިދާނެކަމުގައި ރުހައިލަށް ހީވާތީއެވެ.
“ވެއްޖެ ފަޒަލްމެން ބަޔަށް ގޮސް، ދަރިފުޅު ގުޅާލަބަލަ، ހަވީރު ސައި ވެސް ނުބޮއެ އެ އުޅެނީ، އެކުއްޖާއަށް އެއްޗެއް ދެވޭތޯ ދަރިފުޅު އުޅެބަލަ…”
ލައްބަ މަންމާ”
ރުހައިލު ކޮޓަރިއަށް ދަމުން ނައިރާއަށް ގުޅިއެވެ. އޭނާ އައިސް ހެދުން ބަދަލުކޮށްގެން ކޮންމެ ދުވަހަކު ވެސް ފެންވަރައެވެ. ކޮޓަރިއަށް ވަދެ އެއްޗެހި ބާލަން ހުއްޓާ ނައިރާ ވަނެވެ. އޭނާ އައިގޮތަށް އައިސް ރުހައިލުގެ ގައިގާ ބައްދާލިއެވެ. ނައިރާގެ ބަނޑު އައިސް ޖެހުނީ ރުހައިލުގެ އަރިކަށީގައެވެ.
“ކީއްވެ ސައިނުބޮއެ ތިއުޅެނީ”
“ރުހައިލު އަންނަން ދެން”
“އަހަރެން މިދަނީ ފެންވަރާލައިގެން، ނައިރާ ދާންވީނު ކާކޮޓަރިއަށް”
“ރުހައިލު ނިކުންނަންދެން އަހަރެން ކޮޓަރީގައި މަޑުކޮށްލާނީ، ދޭ އަވަހަށް ފެންވަރައިގެން އަންނަން”
ރުހައިލު އުނުގައި ތުވާލި އޮޅާލުމާއެކު އަތުކުރީ އޮތް ގަޑިއާ ޗޭނުކޮޅު ބާލާފައި ރީތިވާ މޭޒުމަތީ ބޭއްވިއެވެ. އަދި ގޮސް ފާޚާނާއަށް ވަނެވެ. އެ ތަން ބަލަން ހުރި ނައިރާ އައިސް ރީތިވާ މޭޒު މަތިން ރުހައިލު ބޭއްވި ޗޭނުކޮޅު ނެގިއެވެ.
“އައި ނޯ… މީ ރުހައިލުގެ ފޭވަރިޓް ޗޭނުކޮޅު، އަބަދު އަތުގައި އަޅައިގެން އުޅޭނީ… އެކަމަކު މިހާރު މިއޮތީ މުޅިން ކުލަވެއްޓި ހަޑިވެފައި، މިކަހަލަ ރީތި ޗޭނުކޮޅެއް އަލުން ހަދައިދޭނީ، އޯހް! ސަޅި އައިޑިއާއެއް އެއީ، ރުހައިލު އޭރުން ހެޕީވާނެ، ސަޕްރައިޒް ވެސް ވާނެ، ހީނުކުރާނެ މިހާ ކުޑަކުޑަ ކަމަކަށް އަހަރެން ސަމާލުކަން ދީފާނެކަމަށް…”
ހިނިތުންވެލައިގެން ހުރި ނައިރާ ބުނެލިއެވެ. އަދި ރީތިވާ މޭޒުމަތީ ޗޭނުކޮޅު ފަތުރާލާފައި އޭގެ ފޮޓޮއެއް ފޯނުން ނެގިއެވެ. އެއަށްފަހު ރަނގަޅަށް އެ ޗޭނުކޮޅަށް ބަލާލިއެވެ.
“ފުރެންޑްސް ފޮރެވަރ… މީ ކޮން އޭ އަކުރެއް، ވެދާނެ މި ހަދައިދިން ތަނުގެ ރަމްޒީއަކުރަކަށް” ނައިރާ ވިސްނާލިއެވެ.
“ކޮންތާކަށް” ރުހައިލު ފާޚާނާއިން ނިކުން އިރު ނައިރާ ނިކަން ހަލުވިކޮށް ގޮސް ކޮޓަރިން ނިކުންނަނީއެވެ.
“ރުހައިލު ތައްޔާރުވެގެން އާދޭ، މާބޮޑަށް ބަނޑުހައިވެއްޖެ، އެހެންވެ މިދަނީ ބަދިގެފަރާތަށް” ނައިރާ މިހެން ބުނެލުމާއެކު ކޮޓަރިން ނިކުމެގެން ހިނގައްޖެއެވެ.
ލިފްޓުން ނިކުމެގެން ކާކޮޓަރިއަށް އައިސް ވަނުމުގެ ބަދަލުގައި ނައިރާ ހިނގައިގަތީ ޕޯޓިކޯއާ ދިމާއަށެވެ. ގޭގެ މައިދޮރުން ބޭރުގައި މަޑުކޮށްލުމާއެކު އެއްފަރާތްވެލިއެވެ. އަދި އަވަސް އަވަހަށް ފޯނު ނަގާ މެސެޖެއް ކޮށްލުމަށްފަހު މީހަކަށް ގުޅާލިއެވެ.
“އިކީ، ދެންމެ ކޮއްކޮ ފޮނުވި މެސެޖު ލިބުނުތަ؟” ނައިރާ ފޯނުން ވާހަކަދެއްކީ އޭނާގެ ބޭބެ އިކްރާމްއާއެވެ.
“މެސެޖެއް އަތުވެއްޖެ އެކަމަކު އަދި ބަލައެއްނުލަން”
“އަވަހަށް ބަލާބަލަ، ފޮޓައެއް ވެސް އޮންނާނެ ފޮނުވާފައި…”
އާން! ފެނިއްޖެ…. އެ ކީއްކުރާ ފޮޓޮއެއް”
“އިކީ، މިފަހަރު ރުހައިލުގެ ބާތްޑޭއަށް އަޅުގަނޑު ދޭން ބޭނުންވަނީ އެކަހަލަ ޗެއިންކޮޅެއް، ޕްލީޒް، ޕްލީޒް… އެކަހަލަ ޗޭނުކޮޅެއް ހަދައިދީބާ، އިކީއަށް އެނގޭނެ އެކަހަލަ އެއްޗެހި ވިއްކާތަންތަން”
“ތިހެން ކުއްލިއަކަށް ބުނީމަ ކިހިނެއް ހޯދާނީ، އެކަމަކު ބޭބެ ބަލާނަން އިނގޭ”
“ނޫން، ނޫން… އިކީ، ބުނޭ ހޯދާދޭނަމޭ… ސޭމް ޓު ސޭމް… ޕްލީޒް އިކީ…”
ނައިރާ އާދޭސްކުރާވަރުން އޭނާ އެދުނު ކަންތައް ކޮށްދޭން އިކްރާމް އެއްބަސް ވިއެވެ. އެހެންނޫނީ އޭނާއަށް ނޭވާއެއް ލެވުނަ ވެސް ނައިރާ ނުދޭނެއެވެ. ފޯނުކޯލު ނިންމާލާފައި އަތްތިލަބަޑި ޖަހާލަމުން ހިނިއައިސްފައި ހުރި ނައިރާ އެތެރެއަށް ހިނގައިގަތެވެ.
ނައިރާ އައިސް ކާކޮޓަރިއަށް ވަންއިރު ރުހައިލު ވެސް އިނީ އެތަނުގައެވެ. ނައިރާ ފެނުމާއެކު ސުވާލުކޮށްލިއެވެ. ބަނޑުހައިވެފައި ހުރެ ސައިނުބޮއެ އެހެންކަންތައްތައް ކުރާތީ އެކަމާއެވެ. ލޯބިވެތި ހިނިތުންވުމެއް ރުހައިލާ ބަދަލުކޮށްލުމާއެކު ނައިރާ އައިސް އޭނާއާ ޖެހިގެން ކަނާތްފަރާތައް ހުރި ގޮނޑީގައި އިށީނދެއްޖެއެވެ. ސައިތައްޔާރުކުރުމުގައި ވަރުޝާ އުޅޭއިރު ވެސް ނައިރާގެ ހުރިހާ ކަމެއް ކޮށްދެމުން ދިޔައީ އެތަނުގައި ހުރި ޝާރުދާއެވެ. މަލީކު ވެސް އޭރު އިނީ ސައިބޯށެވެ. ހިނިތުންވެލައިގެން އޭނާ އިނީ ނިކަން ހިތްހަމަޖެހިފައި އިންހެނެވެ. ނައިރާގެ އުފާވެރިކަމާއެކު އެ އަންހެންކުއްޖާގެ ފަރާތުން ކާފަދަރިއަކު އުފަންވާން އުޅޭތީއެވެ.
“ދަރިފުޅު ބަލައިގެން އުޅެއްޗޭ، ލޭ ވެސް މަދު ވާހަކަ ޑޮކްޓަރު ވިދާޅުވިއެއްނު، ތިހެން ގަޑިގަޑިއަށް ނުކައި އުޅޭތީ މަންމަ ހާދަ ކަންބޮޑުވެޔޭ” ނައިރާގެ ބުރަކަށީގައި ފިރުމަމުން ޝާރުދާ ވާހަކަދެއްކިއެވެ.
“މި ދޭތެރޭން ލޭ އެޅީމެއްނު، މިހާރު ރަނގަޅޭ، ދޯ ރުހައިލު…. ޑޮކްޓަރ ވެސް އޯކޭ” މާބޮޑުކަމަކަށް ނުހަދާ ނައިރާ ހީނލަމުން ރުހައިލަށް އެއްލޯ މަރާލިއެވެ. ނައިރާގެ އެ އިޝާރާތަށް ރުހައިލު އެއްވެސް އެއްޗެއް ނުބުންޏެވެ. ޝާރުދާ ހީނލި އަޑުއިވުނެވެ. އެހިނދު މަލީކު ވެސް ލުއި ގޮތަކަށް ހީނލިއެވެ.
“ރުހައިލު، މިފަހަރު ވެސް ދަރިފުޅުގެ އުފަންދުވަހަށް އެއްވެސް އެއްޗެއް ބޭނުމެއްނޫންތަ؟” މަލީކު އަހާލިއެވެ. އޭނާ ބޭނުންވިޔަސް ދަރިފުޅާ ދެމެދުގައި އޮތް ގުޅުން ދުވަހެއް ދުވަހަކަށް ހީނަރުވަމުން ދާކަން ފާހަގަކުރެވެއެވެ. އެގުޅުން ދެމެހެއްޓުމަށް ކުރާނޭކަމެއް ވެސް އޭނާއަކަށް ނުވިސްނެއެވެ. އެހެންވިޔަސް މަލީކު ބޭނުންވި ފަދަ ދަރިއަކަށް ރުހައިލު ވިޔަތީ އެކަމާ އޭނާ އުފާކުރެއެވެ. ނައިރާއަށް ރުހައިލުގެ ފަރާތުން ދެރަގޮތެއް ނުވާނެކަން މިހާރު މަލީކަށް ޔަޤީންވެއެވެ. އަދި އެކުދިންގެ ގުޅުން ދުވަހެއްދުވަހަކަށް ބަދަހިވާނޭކަން އެނގޭތީ އުފާކުރެއެވެ.
“ދަރިފުޅު މިހާރު އުފަންދުވަސް ފާހަގަކުރާހިތް ނުވަނީތަ؟” ރުހައިލު އަނގައިން ނުބުނެ އިންނަން ފެށުމުން ޝާރުދާ ވާހަކަދެއްކިއެވެ. އެއާއެކު ރުހައިލު މަޑުމަޑުން ބޯޖަހާލިއެވެ.
“މަންމާ، ރުހައިލު ބުނާއެއްޗަކަށް އަޅާލާނެކަމެއްނެތް، އަޅުގަނޑުމެންގެ ސަޕްރައިޒްތައް ދިނީމަ ހުންނާނެ ނިކަން އުފަލުން” ނައިރާ ބުނެލިއެވެ. އެއާއެކު އިތުރަށް އެކަމާ އެކަކު ވެސް ވާހަކައެއް ނުދެއްކިއެވެ.
ސައިބޮއެގެން ރުހައިލު ނިކުތީ ގޯތިތެރެއަށެވެ. މާގަސްތަށް ކައިރީ ހުރި މޭޒުގެ ދޮށުގައި އޭނާ އިށީނެވެ. ދަގަނޑު ގޮނޑީގެ ތެރެއަށް ހަށިގަނޑު ދޫކޮށްލައިގެން އިނުމަށްފަހު އޭނާގެ އަތުކުރީ އޮތް ޗޭނުކޮޅަށް ބަލާލިއެވެ.
“އެ ދުވަހަށްފަހު ވަގުތު ހުއްޓިފައި ވާ ކަހަލަ… މިއަށްވުރެ އަގުބޮޑު ހަދިޔާއެއް ދެން ދުވަހަކު ވެސް ނުލިބޭނެ” މަޑުމަޑުން އަތުގައި އޮތް ޗޭނުކޮޅުގައި އިނގިލިތައް ހާކާލަމުން ރުހައިލު ބުނެލިއެވެ.
“އެކަނިމާއެކަނި އިނދެގެން ކީއްތަ ތިކުރަނީ” ރުހައިލުއާ ދިމާއަށް އައި ފަޒަލްގެ އަޑުއިވުނެވެ.
“ފަޒަލް… ކޮބާ ޒައިކް، އެ ފުއްގަނޑު ގޮވައިގެން އައިނަމަ” ކުއްލިއަކަށް ރުހައިލުގެ މޫޑު ބަދަލުވެގެން ދިޔައެވެ. މޫނުގެ ކުލަވަރު ބަދަލުކުރުމަކީ މިހާރު ރުހައިލަށް އުނދަގޫކަމެއް ނޫނެވެ. އޭނާގެ ހިތުގައިވަނީ ކީކޭކަން ކުރިން އެނގުނަސް މިހާރު އޭނާގެ ހާލު ދެނެގަތުމަކީ އުނދަގޫކަމެކެވެ.
“މިއްމިގެ ބަނޑުދަށަށްވަދެ ނިދާފައި އެބައޮތް”
“ފަޒަލް… ހަނދާންވޭތަ މިތަނުގައި އެންމެ ފުރަތަމަ މިއްމިއަށް ފްރޮޕޯސްކުރި ރޭ މަތިން”
“ހެ ހެ ހެ…. އެރޭ ކިހިނެއް ހަނދާންނެތޭނީ، އެއީ އަހަންނާ މިއްމިގެ ފެށުން، އެކަމަކު އެރޭގެ މަތިން ރުހައިލު ތިހަނދާންކުރަނީ އެހެން ބޭނުމަކުހެން ހީވޭ”
“އެ ފަދަ ރެއެއް އައިނަމަތާ އަހަރެން އެ ރެއެއްގެ މަތީން ހަނދާންކުރާނީ”
“އެ ފަދަ ރެއެއް ހަމަ ނާދޭތަ؟ އެކަމަކު ޓެރެސްގައި ތި ދެ މީހުން…” އިރުކޮޅަކު ހިމޭނުން އިނުމަށްފަހު ފަޒަލް ބުނެލިއެވެ. ޖެހިލުންވުމަކާއެކުއެވެ.
“ކާކު…”
“ރުހައިލު އާއި އަރުފީނެއްނު، ދެން އެހެންކޮންބައެއް”
“އަހަރެން މިހާރު ހަނދާނެއްނެތް”
ރުހައިލު ބުނި އެއްޗަކުން ފަޒަލް ހައިރާންވިއެވެ. އަރުފީނުގެ ވާހަކަދައްކަން ފަޒަލް ފަށައިފިނަމަ ރުހައިލުގެ ފަރާތުން އެދެވޭ ޖަވާބެއް ނުލިބެއެވެ. އެހެންނަމަވެސް ރުހައިލު، އަރުފީނުގެ މަތީން ހަނދާންނައްތާލުމަކީ ވެދާނޭކަމެއްކަން ފަޒަލްއަށް ޤަބޫލުކުރާކަށް ފަސޭހައެއްނޫނެވެ.
“ހަމަ ރުހައިލުތަ ތިހެން ތިބުނަނީ، އެހެންވީރު ބުނެބަލަ، ނައިރާދެކެ ލޯބިވޭތަ” ފަޒަލްގެ ނަޒަރު ހުރީ ރުހައިލުގެ ކޮންމެ ހަރަކާތަކަށް ހުއްޓިފައެވެ.
“ދަރިއަކު ލިބެންއުޅޭއިރު ލޯބިވާން ޖެހެއެއްނު”
“ނޫން، ނުއެއްޖެހޭނެ… ލޯބިނުވިޔަސް ދެމަފިރިންނަމަ ދަރިއަކު ލިބިދާނެ، އަދި އެ ދަރިފުޅު ބަލަން ވެސް ބަލާފާނެ، އެކަމަކު އޭގެ މާނައަކީ އެ ދެމެދުގައި ލޯބިއޮތީއެއްނޫން، ދިރިއުޅުމުގެ އެހިސާބުން ދެން އެންމެ އިސްކަމަކަށްވާނީ ދަރިފުޅު، އެހެންވީމަ އެ ދަރިފުޅުގެ އުފަލަށްޓަކައި ލޯބިނުވިޔަސް ދެމަފިރިން އެކުގައި އުޅެން އެބަޖެހޭ…. ރުހައިލު، ދިރިއުޅުމުގެ ވަކި ހިސާބަކުން ނައިރާއަށް ހުރިހާކަމެއް އެނގޭނެ، އޭރުން ދެން ކިހިނެއް ހަދާނީ، ރުހައިލު އުފަލުގައި ނޫންކަން ހުންނަނީ ނައިރާއަށް އެނގޭނެ”
“އޭނައަށް އެނގެންޖެހޭވަރުކަމެއް ނޯންނާނެ، އަހަރެން ހުރީ އުފަލުން ނޫންކަމެއް ކިހިނެއް އެނގެނީ، ދެން ހެޔޮ، މާކުރީގެ ވާހަކަތަކެއް ދެއްކުމަކީ ބޭކާރުކަމެއް”
“މާޒީގެ ވާހަކަފެށީ ރުހައިލު… އިތުރަށް އެ މާޒީ ނިއުޅަން ބޭނުންނުވަންޏާ އަހަރެން ވެސް މިހުއްޓާލީ”
ފަޒަލް އާއި ރުހައިލުގެ ވާހަކައިގެ މިސްރާބު އެހެން ދިމާއަކަށް ބަދަލުވެގެން ދިޔައެވެ. ދެ އެކުވެރިން އެތަނުގައި ތިބިތަން ރުހައިލު ހޯދަމުން އައި ނައިރާއަށް ފެނުމުން ހުއްޓެވުނެވެ. އެ ދެމެދަށް ވަންނަން ދިއުމުގެ ބަދަލުގައި ނައިރާ އެނބުރި ދިޔައީއެވެ.
* * * *
ޖެހިގެން އައި ދުވަހު ހެނދުނު އިރުއެރުމާއެކު ނައިރާ އެންމެ ފުރަތަމަ ވެސް ކުރިކަމަކަށްވީ އިކްރާމަށް ގުޅުމެވެ. ނިދާފައި އޮތް އިކްރާމް ނައިރާ ހޭލައްވާލިއެވެ.
“ހަމަޖެހިފައޭ އޮތީ، މެންދުރު ބަލާދާން ޖެހެނީ… ދެން ފޯނު ކަނޑާލާ، ނިދަންވެއްޖެ” އިކްރާމް މިހެން ބުނުމާއެކު ނައިރާ ހީނގަތެވެ.
“އިކޫ، ހަމަ އެކަހަލަ ޗެއިންކޮޅެއްތަ؟”
“ހަމަ އެކަހަލަ، އެކަމަކު އޭގައި ލިޔެފައި ހުރި އެއްޗެއް ޖެހެނީ އަލުން ލިޔަން، އެމީހުން ބުނީ އެއީ ވަކިން ލިޔެފައި ހުރި އެއްޗެކޯ… މެންދުރު ދާނަން އެ ހިފައިގެން، އެކަމަކު މިހާރު ފޯނު ކަނޑާލައިފިއްޔާ، އެހެންނޫނީ ނުހޯދާދޭނަން”
“އޯކޭ، އޯކޭ… ބާއި”
އިކްރާމްގެ ވާހަކަތަކާއެކު އަވަސް އަވަހަށް ނައިރާ ފޯނު ބޭއްވިއެވެ. ދެއަތުން ފޯނުގައި ހިފާލައިގެން ހުރެ ފުންނޭވާއެއް ބޭރުކޮށްލުމާއެކު މޮޔައެއްހެން ހީނލިއެވެ. އަދި އެނދުގައި ނިދާފައި އޮތް ރުހައިލަށް ބަލާލިއެވެ. ކުއްލިއަކަށް ހިތުގައި ލޯބި އުތުރިގަތް ކަހަލައެވެ. ނައިރާ އައިސް ރުހައިލުގެ ގާތަށް އަރާ އޭނާގެ ގައިގާ ބައްދާލިއެވެ. އެކަމުގެ އެއްވެސް ހިލަމެއް ރުހައިލަކަށް ނުވިއެވެ. އިރުކޮޅަކު އެހެން އޮތުމަށްފަހު ނައިރާ ތެދުވެ ތައްޔާރުވެލިއެވެ. މިހާރުއްސުރެން ރުހައިލުގެ އުފަންދުވަސް ފާހަގަކުރާ ވަގުތު ޖެހެންވާއިރަށް ހުރިހާ ކަމެއް އެންމެ ފުރިހަމައަށް ކޮށްފައި ބެހެއްޓުމަށް ނައިރާ ބޭނުންވެއެވެ. ފޯނުން ދުވަހީ ތާވަލު ހުޅުވާލުމާއެކު ކުރަން ހުރި ކަންކަން ބަލަމުން ނައިރާ ކޮޓަރިން ނިކުތެވެ. ހެނދުނުގެ ނާސްތާ ކުރުމަށް އޭނާ އަވަސްވެގަތީ ގައިގާ ވަރުހުރެގެން ނޫނީ މުޅި ދުވަހު ކޮޅުކޮޅަށް ދުވެފައި އޭނާއަށް ނޫޅެވޭނެތީއެވެ.
މެންދުރުފަސް ވާން އުޅެނިކޮށް އިކްރާމްގެ ފޯނުކޯލެއް އައެވެ. އެއާއެކު މީހަކަށް ފާހަގަނުވާނޭހޭން ނައިރާ ސިއްރުސިއްރުން ގެއިން ނިކުމެގެން އައިސް ގޭޓުން ބޭރަށް ބޯދިއްކޮށްލިއެވެ. އޭރު ފާރުކައިރީ އިކްރާމް ހުއްޓެވެ. އޭނާއަށް ނައިރާ ފެނުމާއެކު އަތުގައި އޮތް ފޮށި ދައްކާލިއެވެ.
“ޔެސް… ވަރަށް ރީތި، އިކޫއަށް ވާނެތީއޭ އޭރު ވެސް ބުނީ” އިކްރާމް ދިން ފޮށި ހުޅުވާލައިގެން އޭގައި އޮތް ރިހިކުލައިގެ ޗޭނުކޮޅަށް ބަލަހައްޓައިގެން ހުރެ ނައިރާ ވާހަކަދެއްކިއެވެ.
“މީ ކީއްކުރަން ޖެހި އެއްޗެއްތަ؟ ފްރެންޑްސް ފޮރެވާ… އޭ އަކުރުޖަހާކަށް، ނައިރާ ފެށެނީ އެން އަކުރުން، އައި އެމް ރިއަލީ ކޮންފިއުޒްޑް”
“ރުހައިލު އަތުގައި ވަރަށް ކުރީއްސުރެ އޮންނަ ޗެއިންކޮޅެއް އެއީ، އެހެންވެ ހިތަށްއެރީ އޭތިކޮޅު އޮތްގޮތަށް ހަމައެކަހަލަ ޗެއިންކޮޅެއް ހަދަން، މިހާރު އޮތް އެތިކޮޅު އޮތީ ވަރަށް ހަޑިވެފައި، ކުލަވެސް ގޮއްސަ، ހަމަ އެކަހަލަ ޗެއިންކޮޅެއް ލިބުނީމަ ރުހައިލު ހެޕީ ވާނެއެއްނު، އޭރުން މިހާރު އަތުގައިއޮތް އެތިކޮޅު އެއްލާލިޔަސް އަތުގައި އޭތިކޮޅު ނެތްހެން ހިޔެއްނުވާނެއެއްނު”
“އޯކޭ… މައި ބިއުޓީކުއީން، ދެން ދޭ އެތެރެއަށް”
“އިކޫ ނުވަންނާނަންތަ؟…”
“މިހާރަކު ނޫން، މިރޭ ގުޅާނަން ރުހައިލަށް ވިޝްކުރަން، އޯކޭއެއްނު” އިކްރާމް މިހިން ބުނުމާއެކު ނައިރާ ބޯޖަހާލިއެވެ. އަދި ބޭބެއަށް ޝުކުރުއަދާކޮށްފައި ގޭޓުން އެތެރެއަށް ވަނެވެ.
ވަގުތު ޖެހެން ވާއިރަށް ނައިރާ އެ ފޮށި ބޭއްވީ ފޮރުވާފައެވެ. އެރޭ ދޭން ހިތަށް އަރާފަވެސް ނައިރާގެ ސިކުނޑިއަށް އެހެން ޚިޔާލެއް އައިސްގެން އެގޮތަށް ކަންތައްކުރަން ނިންމިއެވެ.
ރޭގަނޑު ބާރަޖެހިއިރު ގޭތެރޭގައި އަޑުފަށްގަނޑު ގަދަވިއެވެ. ފަޒަލް އާއި މިލާންގެ އިތުރުން ޝުޢައިބު އާއި މެހެނާޒު ވެސް އައިސް ތިއްބެވެ. ނައިރާއާއެއްކޮށް އޭނާގެ އެދުމަކަށް ޚާއްޞާ ކެއުމަށް ބޭރަށް ގޮސްފައި އައި ރުހައިލުގެ ގައިގާ ފަޒަލް ގަދަކަމުން ހިފައިގަނެގެން ގެނެސް ސޯފާގައި ބޭންދިއެވެ. ހީވީ ރުހައިލު ފިލަން އުޅެދާނޭތީވެ ކުރިކަމެއް ހެންނެވެ. އެންމެންގެ ހުނުމުގެ އަޑުއިވިގެން ދިޔައެވެ. ކޮންމެ މީހެއްގެ ފަރާތުން ދެމުން ދިޔަ ހަދިޔާގައި ރުހައިލު ހިފަމުންދިޔައެވެ. ގިނަ އިރެއްނުވެ ކުއްލިއަކަށް ބޮޑުކޮޓަރީގެ ހުރިހާ ބޮތްކެއް ނިވުނެވެ. އެއާއެކު ދެން ފެނުނީ އުއްބަތިއެއް ރޯކޮށްފައި ހުރި ޓްރޭއެއް ގެނެސް ރުހައިލުގެ ކުރިމަތީ ބެހެއްޓިތަނެވެ. ރުހައިލުގެ އުފަންދުވަހަށް ޚާއްޞަކޮށްފައިވާ ކޭކު ފެނުމުން ރުހައިލު މޫނަށް ގޮތެއް ހަދާލިއެވެ.
“ހެޕީ ބާތްޑޭ، މައި ލަވިންގ ހަޒްބަންޑް” ރުހައިލުގެ މޫނުގައި އެއްއަތުން ފިރުމާލަމުން ނައިރާ ބުނެލިއެވެ. އަދި ކޭކު ފަޅަން ރުހައިލުގެ އަތަށް ވަޅިދިއްކޮށްލިއެވެ.
“ކޭކު… މަންމާ، އަޅުގަނޑަކީ ކުޑަކުއްޖެއްނޫނޭ މިހާރު” ރުހައިލު ބުނެލިއެވެ.
“ނައިރާގެ ކަމެއް މީ، ދެން ދަރިފުޅު ކޭކު ފަޅާލަބަލަ، އޭރުން ނައިރާ އުފާވާނެއެއްނު” ޝާރުދާ އައިސް ރުހައިލުގެ ކޮނޑުގައި އަތްބާއްވާލަމުން ބުނެލިއެވެ. އެހިނދު ރުހައިލު ބަލާލީ އޭނާގެ ގާތުގައި ހުރި ނައިރާއަށެވެ.
އެންމެން ނިދަން ދިޔައީ އާންމުކޮށް ދާއިރަށްވުރެ ލަހުންނެވެ. އެންމެން ވެސް ކޭކުގެ ރަހަބެލިއެވެ. އަދި ރުހައިލަށް ލިބުނު ހަދިޔާތައް ބެލުމުގައި އެންމެން ވެސް ބައިވެރިވިއެވެ. ރުހައިލު އާއި އެންމެ ފުރަތަމަ ވަކިވެގެން އެތަނުން ދިޔައީ ފަޒަލް އާއި މިލާންއެވެ. ކުޑަދަރިފުޅު ހޭލަފާނެތީއެވެ. އެމީހުންނަށްފަހު ރުހައިލު އާއި ނައިރާ ވެސް ނިދަން ކޮޓަރިއަށް ދިޔައީ ޢާއިލާގެ ބޮޑެތިމީހުންގެ މެދުގައި ދެކެވެމުންދިޔަ ވާހަކަގައި ބައިވެރިވާން ބޭނުންނުވާތީއެވެ.
“އައި ހޭވް އަ ސްޕެޝަލް ގިފްޓް ފޯ ޔޫ” ކޮޓަރިއަށް ވަދެވުމާއެކު ރުހައިލުގެ އަތުގައި ހިފައިގެން ހުރެ އޭނާއާ ގާތްވެލަމުން ނައިރާ ބުނެލިއެވެ.
“ކޮންމެ ފަހަރަކު ބާތްޑޭގަ މިވަރު ކޮށްނުލާ ނައިރާ ހިތްހަމަނުޖެހޭތަ… އިތުރު ގިފްޓުތަކެއް ހޯދަނީ ކީއްކުރަން، މިހާރު ކޭކު ވެސް ފަޅައިފިން، މިރޭ ވެސް ނައިރާ ދިން އެއްޗެހި މާގިނަ އެހެންމީހުން ދިން ގިފްޓުތަކަށްވުރެ، ނައިރާ އަހަންނަށް ގިފްޓެއް ދޭހިތްވަންޏާ އެންމެ ގިފްޓެއް ދިނަސް އޯކޭ”
“ރުހައިލު އުފަލެއްނުވޭތަ؟ އަހަރެން މިހުރިހާ ކަމެއް ކޮށްދިނީމަ ވެސް ރުހައިލު ތިހުންނަނީ ހިތްހަމަނުޖެހިފައި”
“އެހެނެއްނޫނޭ، ކޮންމެކަމެއްގަ ވެސް ނައިރާ ބޭނުންވާގޮތް، އަހަރެންގެ ބާތްޑޭ، އަހަރެން ބޭނުންވާގޮތަށް ހޭދަކުރުމަށް އެއްފަހަރު ވެސް ނައިރާ ވިސްނާނެނަމަ”
“ނެކްސްޓް އިޔަރގައި ރުހައިލު ބޭނުންވާގޮތަށް އެކަނިމާއެކަނި ބާތްޑޭ ފާހަގަކުރޭ، އެކަމަކު ދެން މިފަހަރު ތިހެން ފޫހިނުވޭ”
ރުހައިލު ދެފަރާތަށް ބޯހޫރާލަމުން ނިދަން ތައްޔާރުވެލިއެވެ. އަދި ފާޚާނާއަށް އޭނާ ވަންނަން ދާން ފެށުމުން ނައިރާ ހުރީ ހިތްއަވަސްވެފައެވެ. ރުހައިލުގެ އަތުގައި އޮތް ޗޭނުކޮޅު ނަގާ ރިތިވާ މޭޒުމަތީ ބާއްވާނެ އިރަކަށް ނައިރާ ހުރީ ކެތްމަދުވެފައެވެ. ފާޚާނާއާ ދިމާއަށް ހިނގައިގަތް ރުހައިލު އެނބުރި އައިސް އަތުގައި އޮތް ޗޭނުކޮޅު ރީތިވާ މޭޒުމަތީ ބޭއްވިއެވެ. އެއާއެކު ނައިރާ އަވަސްއަވަހަށް އަލަމާރި ވަތްގަނޑަށް ލީ ހިމަދިގު ފޮށި ނަގާ އޭގައި އޮތް ޗޭނު ގެނެސް ރީތިވާ މޭޒުމަތީ ބޭއްވިއެވެ. އަދި ރުހައިލު ކުރިން އަޅަން ގެންގުޅުނު ޗޭނުކޮޅު ގެންގޮސް ކޮޓަރީގެ އެއްފަރާތުގައި ހުރި ކުނިވަށިގަނޑަށް ލިއެވެ.
“މި ފެނުނީމަ ހުރިހާ ނުރުހުމެއް ފިލައިގެން ހިނގައިދާނެ” ހިނިއައިސްފައި ހުރެ ދެއަތް ފޮޅާލަމުން ނައިރާ ބުނެލިއެވެ. އަދި ރުހައިލު ނިކުންނަން ވާއިރަށް އެރެއަށް ލާން ޚާއްޞަކޮށްފައިވާ ނިދާ ހެދުން ނެގިއެވެ.
ފާޚާނާއިން ނިކުމެގެން އައި ރުހައިލުގެ މޫނުމަތިން ތާޒާކަން ފެންނަން ހުއްޓެވެ. އޭނާ އައިސް ރީތިވާ މޭޒުމައްޗަށް ބަލާލީ އަތުން ނެގި ޗޭނުކޮޅު ހޯދުމަށެވެ. ލޮލުގައި އަޅައިގަތީ ރިހިކުލައިން އޮތް ޗޭނުކޮޅު އޭނާގެ އަތުގައި އޮތް ޗޭނުކޮޅާ ވައްތަރުވީމައެވެ. އެ ނަގާ ރަނގަޅަށް ބަލާލިއެވެ. އެއްވެސް ތަފާތެއްނެތެވެ. އެހެންނަމަވެސް ރުހައިލުގެ އަތުގައި އޮތް ޗޭނުކޮޅު އޮތީ ބާވެ ކުލަގޮސްފައިކަން ޚުދު އޭނާއަށް އެނގެއެވެ. ވަގުތުން އެނބުރި އެނދުގައި އޮތް ނައިރާއަށް ބަލާލިއެވެ.
“ސަޕްރައިޒް… ސަޅި ދޯ، އަލުން އައުކޮށްލީ” އެނދުގެ ހެޑްބޯޑުގައި ބުރަކަށްޓާ ދިމާއަށް ކުޑަބާލީހެއް ލައްވާލައިގެން އިނދެ ދެއަތް ޖަހާލަމުން ނައިރާ ބުނެލިއެވެ. އެހިނދު ރުހައިލުގެ މޫނުމަތިން ފެނިގެން ދިޔައީ އިންތިހާ ދަރަޖައިގެ ރުޅިވެރިކަމެވެ.
“ކޮބާ އަހަރެން ބޭއްވި ޗޭނުކޮޅު” ރުހައިލު ހަރުކަށިކަމާއެއްކޮށް ބުނެލިއެވެ.
“އޭތި އޮތީ ކުލަވެއްޓި މުޅިން ހަޑިވެފައި، އެހެންވެއޭ އޭގެ ބަދަލުގައި އައު އެތިކޮޅެއް ހައްދާފައި ތިއޮތީ، އެއްވެސް ތަފާތެއް ނުހުންނާނެ، ރުހައިލު ބަލާބަލަ…. އެ ޗެއިންކޮޅުން އޮތްގޮތަށް ހަދާފައިތީ… އެހާ ހަޑިއެއްޗެއް އަޅާކަށް ވެސް ނުވާނެ އެހާ ގިނަދުވަހު” ހައިރާންވެފައި ނައިރާ ވާހަކަދެއްކިއެވެ.
“އަހަރެން މިއެއް ބޭނުމެއްނޫން، ފާޚާނާއަށް ވަންނަމުން މިތަނުގައި އަހަރެން ބޭއްވި ޗޭނުކޮޅު ވީތަން ބުނޭ، ހަމަމިހާރު ބުނޭ” ރުހައިލު އަމުރުކޮށްލުމުން ނައިރާ ކުރިއަށްވުރެ ބޮޑަށް ހައިރާންވިއެވެ.
“އަހަރެން އޭތި އެއްލާލައިފިން، އެހާ ހަޑިވެ ބާވަންދެން އެއްޗެހި ބޭނުންކުރާކަށް ރުހައިލަކީ ނުލިބޭ މީހެއްނޫން، އަތުގައި އަޅާ ގަޑިއާ ލާ ހެދުމާ އެއްވެސް އެއްޗަކާ ގުޅެނީއެއްނޫން…”
“ނައިރާއަކަށް ނުޖެހޭނެ އޭތި އެއްލާލާކަށް، މީތި ކަލޭ ހިފައިގެން އޮވެބަލަ، މަގޭ އެ ޗޭނުކޮޅު އެއްލާލި ތަން ބުނޭ” ރުހައިލު ކުއްލިއަކަށް އަތުގައި އޮތް ނައިރާ ދިން ޗޭނުކޮޅު އޭނާއާ ދިމާއަށް އެއްލިއެވެ. އެއާއެކު ނައިރާގެ ދެ ލޯ ބޮޑުވިއެވެ. އަދި ސުވާލުތަކުން ސިކުނޑި ފުރިގެންދިޔައެވެ. ރުހައިލު އެހާ ކެތްމަދުވެފައި ހުއްޓާ ނައިރާ ނުދެކެއެވެ. ނައިރާ އިނީ ރުހައިލުގެ ދަރިއަކަށް ބަލިވެ ކަން ވެސް ރުހައިލު ހަނދާންނެތްކަހަލައެވެ.
“އެހާވަރަކުން އެ ޗޭނުކޮޅު ހޯދަން ބޭނުންވަނީ ކީއްވެތަ؟”
“އެއީ ނައިރާއާ ބެހޭކަމެއްނޫން”
“ބެހޭނެ، ރުހައިލުގެ ހުރިހާކަމަކާ ވެސް ބެހެވޭނެ، އަހަރެންމީ ރުހައިލު އަނބިމީހާއެއްނު”
“މަގޭ އަނތްބަކަށް ވެވުމަކީ މަގޭ ހުރިހާ ކަމަކާ ނައިރާއާ ބެހެވޭނެކަމެއްނޫން، ބުނޭ… ކޮންތާކަށް އެ ޗޭނުކޮޅު ކަލޭ އެއްލާލީ”
“ޑަސްބިނަށް…” ނައިރާއަށް މިހެންބުނެވުނުތަނާ ރުހައިލު ހަލުވިކޮށް އައިސް ޑަސްބިންބުޑަށް ޖެހިގަތެވެ. އަދި އޭގެ މަތިނަގާ ކާޕެޓުމައްޗަށް ބަންޑުންޖަހާލިއެވެ. އެއަށްފަހު ޑަސްބިންގަނޑު ހޫރާލުމާއެކު އެޅިފައި ހުރި ކުނިތަކުގެ ތެރެއިން ޗޭނުކޮޅު ހޯދަންފެށިއެވެ.
އެނދުން ތެދުވެގެން އައި ނައިރާއަށް ރުހައިލުގެ ހަރަކާތްތައް ފެނި ހުއްޓުން އެރިއެވެ. އަތުގައި އޮތް ޗޭނުކޮޅަށް ބަލާލުމާއެކު އޭނާ ތުންފިއްތާލިއެވެ.
“ތިއޮތް ހަޑިއެތި ރުހައިލު އަތުގައި އަޅަން ތިއުޅެނީ… އަހަރެން މިއޮތީ އައު އެތިކޮޅެއް ހަދައިދީފައެއްނު، އަހަރެން ނުލާހިކު ލޯބިން މީތިކޮޅު ގެނެސްދިނީ…”
“ނައިރާ އަމިއްލަ އަތުގައި އެޅީމަ ނިމުނީނު، މީގެ ފަހުން މި ޗޭނުކޮޅުގައި ނައިރާ އަތްލައިގެން ނުވާނެ”
“އަތްލާނަން… ތީތިކޮޅު އެއްލާލާނަން، އޭރުން ރުހައިލަށް ހޯދައިގެން އަލުން ނޭޅޭނެއެއްނު”
“އެހެންތަ؟ އަހަރެން އެއްޗެކޭ ނުބުނާތީ ދޯ ނައިރާއަށް ތިހާ ހިތްވަރެއްލިބިގެން ތިއުޅެނީ”
“ރުހައިލު، ކިހިނެއްވެތަ ތިހިރީ، އެވަރުކަމެއްތަ އެއީ އަހަރެން ތި ޗޭނުކޮޅު އެއްލާލުން، ބާވީމަ އެއްޗެހި އައުކުރުމަކީ މައްސަލައެއްނޫނެއްނު”
“ނައިރާ ބާވީމަ އަހަރެން އައުކޮށްލަންތަ؟”
“ރުހައިލު! ތިކިޔޭ އެއްޗެއް އެބައެނގޭތަ. ކުޑަކުޑަ ޗޭނުކޮޅަކާ ހެދިއޭ ތިހާ ރުޅިއެއް އައިސްގެން ތިއުޅެނީ، އަހަރެން ލޯބިންދޭ އެއްޗެއްގައި ރުހައިލު ނުހިފައެއް ނުހުންނަމެއްނު، މިރޭ ކުއްލިއަކަށް ކިހިނެއްތަވެފަ ތިހިރީ، އަހަރެންދެކެ ލޯތްބެއްނުވޭތަ”
“އާން! ނުވޭ….”
“ކީކޭ…”
“ލޯތްބެއްނުވެޔޭ… އަޑުއިވިއްޖެތަ، ލޯތްބެއްނުވެޔޭ… ނުވެޔޭ…. މިއޮއްހުރިހާ ދުވަސްވީރު ކަލެއަކަށް އެކަމެއް ނޭނގުނުތަ؟ ދެން ވެސް މަގޭ މި ޗޭނުކޮޅުގައި ކަލޭ އަތްނުލާތި” ރުހައިލަށް ވެފައި ހުރި ގޮތެއް ނޭނގެއެވެ. އަމިއްލަ ޟަމީރު މީހާ ތަޅުވައިގަތް ކަހަލައެވެ. ބުނެވުނު އެއްޗަކާމެދު ހޭވެރިކަމެއް ވީއިރު ދުލުން ހާމަނުކުރަން ހިފެހެއްޓި އެތައް ލަފްޒެއް ބުނެވި ނިމިއްޖެއެވެ. ހުއްޓުން އަރާފައި ޖެހި ބުދެއްހެން ނައިރާ ހުރީ ރުހައިލަށް ބަލަހައްޓައިގެންނެވެ. ރުހައިލުގެ ދެލޮލުން އޭނާއަށް ފޮރުވަމުން އައީ ހަޤީޤަތް ކުޑަކުޑަވަގުތުކޮޅެއްގެ ތެރޭގައި ފެނިގެން ހިނގައްޖެއެވެ.
ރުހައިލުގެ މުށުގެތެރޭ އޭނާ ކުނިވަށިނެގި ޗޭނުކޮޅު އޮތްއިރު އެމުށްވަނީ އޭނާގެ މޭގާ ޖައްސާލެވިފައެވެ. ނައިރާއަށް ފެންނަމުން ދިޔަ މަންޒަރާއި ރުހައިލުގެ ދުލުން އިވުނު ބަސްތަކުން އެ ޗޭނުކޮޅުގައި ރުހައިލު އެވަރަށް ހިފަހައްޓަނީ ކީއްވެކަން އެނގެން ގިނައިރެއްނުނެގިއެވެ. އެހިނދު އަމިއްލަ ހިތް ތޫނު ހަތިޔާރަކުން ތޮރުފާލިކަހަލަ އިހުސާސެއް ނައިރާއަށް ކުރެވިގެންދިޔައެވެ. ފެންކަޅިވަމުން ދިޔަ ދެ ލޮލުން އަތުގައި ރުހައިލު އަނބުރާ ދިން ޗޭނުކޮޅަށް ނައިރާއަށް ބަލާލެވުނެވެ.
ކަންތައްކުރެވުނު ގޮތުން ރުހައިލަށް އޭނާގެ ބޮލުގައި ހިފަހައްޓާލެވުނެވެ. ހީވީ ކުއްލިއަކަށް ބޮލުގައި ރިހެންފެށީ ހެނެވެ. މޫނުމަތިން ފާޅުވެގެން ދިޔައީ ހަދަންވީ ގޮތެއް ނޭނގި ކަންބޮޑުވެ ހާސްވެފައި ހުރިކަމުގެ އަސަރުތަކެވެ. ނައިރާއަށް ބަލާލި ވަގުތު ދެ މީހުންގެ ނަޒަރު ސީދާވެގެންދިޔައެވެ. ނައިރާގެ ދެ ލޯ ކަރުނުން ފުރެމުން އައިތަން ފެނި ރުހައިލުގެ މޫނު އަނެއްފަރާތަށް އަނބުރާލިއެވެ. އެތަނުގައި ނުހުންނަން ރުހައިލު ހިނގައިގަތީ ކޮޓަރި ދޮރާ ދިމާއަށެވެ.
“ރުހައިލު، ބޭނުންހާ އެއްޗެއް ކިޔާފައި ދާންވީތަ؟” ކޮޓަރިން ރުހައިލު ނިކުމެގެން ދިއުމުގެ ކުރިން ކުރިއަށް ފިޔަވަޅެއް އަޅާލި ނައިރާ އޭނާއަށް ގޮވާލިއެވެ.
“އައި އެމް ސޮރީ…” ހުޅުވާލި ދޮރުފަތުގައި ހިފަހައްޓާލައިގެން ހުރެ ރުހައިލު ބުނެލިއެވެ. އޭނާ އެނބުރި ނައިރާއަށް ބަލާލާނެހާ ހިތްވަރެއް ނުލިބުނެވެ. ނަމަވެސް އެކަމުގެ ސަބަބުން ނައިރާގެ ހިތަށް ވަރަށް އަސަރުކުރިއެވެ. ނައިރާ ކަންފަތުގައި ދެއަތް އަޅާ ދެފަރާތަށް ބޯހޫރާލިއެވެ. އޭނާގެ ކަންފަތް ދޮށުގައި ރުހައިލުގެ ފަރާތުން އިވިގެންދިޔަ ބަސްތައް ތަކުރާރުވަމުން ދިޔަ ކަހަލައެވެ. އޭރު ރަނގަޅަށް ވެސް ނައިރާއަށް ރޮވިއްޖެއެވެ.
“ސޮރީއޭ… ސޮރީއޭ ބުނީމަ ހުރިހާކަމެއް ހައްލުވީތަ؟ ރުހައިލު އަހަރެންދެކެ ލޯބިނުވަންޏާ ކީއްވެތަ ނުބުނެވުނީ، އެހެންނޫންނަމަ ކައިވެނިކޮށް މިހުރިހާކަމެއް ކުރާކަށް ނުޖެހުނީހެއްނު، ތި ހަރު ހިތުގެ މީހާގެ ފަރާތުން ސަމާލުކަން ލިބޭތޯ އަހަރެން އުޅޭކަށް ނުޖެހުނީސް، މިހާރު މީނދަ ހާލުގައި އިންނާކަށް ވެސް ނުޖެހުނީސް… ރުހައިލު ބައްޕަ އަހަރެންގެ ޢާއިލާ މީހުން ކައިރިއަށް މި ކައިވެންޏައިގެން އައުމުގެ ކުރިން ކީއްވެތަ ނުބުނީ… ތީ ރަނގަޅު އެކުވެރިއެއް ވެސް ނޫން…. ތީ ދޮގު ހަދާ މީހެއް…. ސޮރީއޭ ބުނެއެއްނު، ރުހައިލު ހީކުރީ ކީކޭކަމައްތަ؟ ތި ޗޭނުކޮޅު އެހާ މުހިއްމުވީއިރު ކީއްވެތަ އެމީހަކު ކައިރަށް ނުގޮސް އަހަރެންގެ ދިރިއުޅުން ހަލާކުކުރަންވީ… އެއްފަހަރު ވެސް ލޯބިނުވެޔޭ ބުނިނަމަ އަހަންނަށް ހަޤީޤަތް އޮންނާނީ އެނގިފައި… ރުހައިލުގެ ފަހަތުން ގަމާރެއްހެން ލޯބި ލިބޭތޯ އުޅޭކަށް ނުޖެހުނީސް…. ހިތަށް ތަދުވިޔަސް ދުވަސްކޮޅަކު ރޯލާފައި އަހަރެން ވެސް ހަމައަކަށް އެޅުނީސް… އަހަރެންގެ އިހުސާސްތަކާ ކުޅުމުގެ ހައްޤެއް ރުހައިލަކަށް ނޯންނާނެ، ރުހައިލަށްޓަކައި އަހަރެންގެ ގާތަށް އައީ ރުހައިލުގެ ބައްޕަ، އަހަންނެއް ނޫން ރުހައިލުގެ ލޯތްބަށް ފުރަތަމަ ސަލާންޖެހީ…..” ރޮމުން ރޮމުން ނައިރާ އެއްޗެހި ކިޔަމުން ގޮސް އޭނާ ކޮށިއެރިއެވެ.
ހުޅުވާފައި ހުރި ދޮރު ވަގުތުން ލައްޕާލާފައި ރުހައިލު އައިސް ނައިރާގެ ގައިގާ ހިފަހައްޓާލަން އުޅުނެވެ. އެހެންނަމަވެސް އެއަތް ނައިރާ ފޮޅުވާލިއެވެ. ދެން އުޅުނީ އެނދުގެ އަރިމަތީ ކަބަޑުގައި ބަހައްޓާފައި ހުރި ފެންޖަގުން ފެންތައް އަޅައިގެން އައިސް ނައިރާއަށް ދެވޭތޯއެވެ. އެވެސް އޭނާ ޤަބޫލެއްނުކުރިއެވެ. ރުހައިލުގެ އަތް ދުރަށް ކޮށްޕާލުމާއެކު ފެންތަކާއެކު ތަށިވެއްޓި ކާޕެޓުމަތީ ޖެހުނެވެ. ވެއްޓުނު ތަށީގައި ހިފުމަށް ރުހައިލު އަތްދިއްކޮށްލި ނަމަވެސް އޭނާގެ އަތުގައި ޖެހިފައި ނުހިފެނީސް ވެއްޓުނީއެވެ. ރުހައިލު ސިހޭގޮތްވިއެވެ. ތަށިތަޅައިގެން ނުދިއުމުން އެ ނަގާ އިހު ހުރި ކަބަޑުމަތީ ބެހެއްޓިއެވެ. ނައިރާ ރުޅި ގަދަވެގެން ކަމެއް ދެރަވެގެންކަމެއް އުޅެނީ ބުނާކަށް ރުހައިލަކަށް ނޭނގެއެވެ. އޭނާ ހަމަ ރޮނީއެވެ. ދޭތެރެއަކުން ދަތްކުނޑިވިކާލައެވެ. ލައިގެން ހުރި ނައިޓީ ބަދަލުކޮށްލުމާއެކު އަލަމާރީން ސުވެޓާއަކާއި ޖިންސެއް ނައިރާ ލިއެވެ. އަތްމަތި ހުރީ އަވަސްކޮށްލާފައެވެ. ރުހައިލު އޭނާއާ ގާތްވެލާއިރަށް ނުރުހިފައި އަތްހޫރާލައެވެ. ނައިރާއަށް އަނިޔާއެއް ވެދާނޭތީ އޭނާގެ ގައިގާ ގަދަކަމުން ހިފަހައްޓާކަށް ރުހައިލަކަށް ނުކެރުނެވެ. ނުވަމަހުގެ ބަނޑާއެކު ނައިރާގެ ހަރަކާތްތައް ހުރި ގޮތުން ރުހައިލު ހާސްވިއެވެ. އޭނާ އެއްފަރާތުގައި ހުއްޓިލައިގެން ހުރިއިރު ނައިރާ އަލަމާރީގެ ދޮރުފަތެއް ހުޅުވާލުމާއެކު އޭނާގެ ދަބަސްނެގިއެވެ. އަދި އެގޮތް މިގޮތަށް އަލަމާރިތެރެއިން އޭނާގެ ހެދުންތަކެއް ގެނެސް އެއަށް އަޅާލިއެވެ.
“ނައިރާ… ކޮންތާކަށް ދާން ތިއުޅެނީ…”
“އަނތްބެއްގެ ގޮތުގައި ރުހައިލު އަހަރެން ޤަބޫލުކުރީ ކޮންއިރަކުތަ؟ ދެމަފިރިންހެން އުޅެން މަސައްކަތް ކުރީ ހަމައެކަނި އަހަރެން، މި އެނދުގައި ހުރިހާ ކަމެއް ހިނގާދާއިރު އެންމެ ފަހަރަކު ވެސް ރުހައިލު އަހަންނަށް ބަލާލަންތަ؟ މިރެއާ ހަމައަށް އަހަރެން ހީކުރީ އަހަންނަށް ގޯސްކޮށްކަމެއް ކުރެވެނީއޭ… އަހަރެންމީ ރޭޕިސްޓެއްތަ؟ ދުރުހިލޭ އަންހެނަކުހެން ރުހައިލުގެ ހަށިގަނޑުން އުފާހޯދަން… ދުވަހަކު ވެސް އިސްވެ އަހަންނަށް ދަޢުވަތު ދިނިންތަ؟ ނުދޭ! އަހަރެން ވެސް ލަދުގަނެޔޭ… ރުހައިލު މީހަކާ އިނދެފި، އެކަމަކު އަނތަބެއްގެ ގޮތުގައި ބަލައެއް ނުގަނެވުނު… އެހެންވީމަ ދެން ހެޔޮ… އަހަރެން މި ދަނީ އަހަރެންގެ މައިންބަފައިން ކައިރިއަށް… ރުހައިލުގެ ބައްޕަ އަޔަސް ދެނެއް ނުދާނަން… ރުހައިލުގެ ތި ފިނޑިކަމަށް މިއަދު އަހަރެން މާލާމާތްކުރަން، ރުހައިލު އަނތްބަކު ބޭނުންނުވާއިރު ކައިވެންޏަށް އެދި ރުހައިލުގެ ބައްޕަ ނޭވާހައްޓަށް ނުފެތިގެން އުޅުނު ސަބަބެއް އަހަންނަށް މިއަދު ނުވިސްނޭ…”
ދަބަހަށް އެޅުނު އެއްޗެއް އެޅުނީއެވެ. ބައެއް ހެދުންތައް ދަބަހުން ބޭރަށް ވެސް އެޅިފައި ހުއްޓެވެ. އެހެންނަމަވެސް އެއިން އެއްވެސް ކަމަކަށް ނައިރާގެ ފަރުވާލެއް ނެތެވެ. ރުހައިލުގެ ޢަމަލުތަކުން ނައިރާއަށް ލިބުނު ޝޮކު ފިލައިގެން ނުދާކަހަލައެވެ. ހިތުގައި ޖެހިފައި ހުރިވަރުންނާއިއެކު މޮޔައެއްހެން ގޮތްނިންމަމުން ދިޔައެވެ. ދަބަހުގައި ހިފާލުމާއެކު ނައިރާ އެއްއަތުން ދެ ލޮލާއި ކޯތާފަތް ފޮހެލިއެވެ. އަދި ރުހައިލަށް ބަލާލިއެވެ. އެހިނދު އަނެއްކާ ވެސް އޭނާގެ ދެ ލޯ ފުރި ބަންޑުންވެއްޖެއެވެ. އެހެންނަމަވެސް އިސްޖަހާލަމުން ދަބަސްހިފައިގެން ކޮޓަރިން ނިކުތެވެ. އެވަގުތު ރުހައިލު އައިސް ނައިރާގެ އަތުގައި ހިފެހެއްޓިއެވެ.
“ކޮންކަމެއް ސާބިތުކުރަންތަ ރުހައިލު ތިއުޅެނީ” ނައިރާގެ އަޑު ވެސް ތުރުތުރުއަޅާލިއެވެ. އޭނަގެ އަޑު ވެސް ބާރުވިއެވެ.
“މިގަޑީގައި ތިހެން ނުދޭ…” ރުހައިލު އިސްޖަހާލައިގެން ހުރެ މަޑުމަޑުން ބުނެލިއެވެ.
“ދޫކޮށްލާ… ދޫކޮށްލާށޭ…”
“ކިހިނެއްތަ މިވަނީ…” ވާހަކައިގައި ތިބި ޝާރުދާ އާއި މަލީކު ކޮޓަރިން ބޭރަށް ބޯދިއްކޮށްލީ ބަޔަކު ވާހަކަދައްކާހެން ހީވެގެންނެވެ. އެވަގުތު ދަބަސް ހިފައިގެން ހުރި ނައިރާ ފެނުމުން ފުރަތަމަ ވެސް ވާހަކަދެއްކީ މަލީކުއެވެ.
ރުހައިލަށް ނައިރާގެ އަތުން ދޫކޮށްލެވުމާއެކު މަޑުކުރުމެއްނެތި ނައިރާ ހިނގައިގަތެވެ. އަދި ފޯނު ނަގާ އޭނާގެ ބޭބެ އިކްރާމަށް ގުޅިއެވެ. ރޮމުން ވާހަކަދެއްކި ނައިރާގެ އަޑުޖެހުމުން އިކްރާމް އަވަސްވެގަތީ ކޮއްކޮ ބޭނުންވި ގޮތަށް އޭނާ ބަލާ އަވަހަށް އައުމަށެވެ. އޭރު މަލީކު އައިސް ރުހައިލާ ސުވާލުކުރަމުން ދިޔައެވެ. ޝާރުދާ ނިދާ ހެދުމުގައި ހުރެ ނައިރާގެ ފަހަތުން ދުއްވައިގަނެވުނެވެ. އެހެންނަމަވެސް ލިފްޓަށް ނައިރާ އެރުމާއެކު ލިފްޓުގެ ދޮރު ލެއްޕިއްޖެއެވެ.
“ކޮންތާކަށް ނައިރާ އެދަނީ” ޝާރުދާ އައިސް ރޮއިގަންނަމުން ކަހަލަ ގޮތަކަށް ރުހައިލުގެ ގާތުން އެހިއެވެ. ޝާރުދާ ކަންބޮޑުވެ ހާސްވިވަރު ފެނުމުން ރުހައިލު އޭނާގެ މަންމައާ ކުރިމަތިލިއެވެ. އެހިނދު މަލީކު އަވަސްވެގަތީ ސިޑިއާ ދިމާއަށެވެ.
“ބައްޕާ، މީ އަޅުގަނޑާއި ނައިރާއާ ދެމެދު ހިނގިކަމެއް، ބައްޕަ މިކަމުގެތެރެއަށް ވަންނަވަން ނުހައްދަވާ”
“ދެން ނައިރާ ދާން ދޫކޮށްލަނީތަ؟ އެކުއްޖާ އެހާލުގައި އިންދާ”
“ބައްޕަ ކަންބޮޑުވަނީ ކޮންކަމަކާތަ؟ ނައިރާއަށް ކަމެއްވެދާނެތީތަ؟ ނޫނީ އަޅުގަނޑުމެން ދެމީހުން ވަކިވެދާނެތީތަ؟ މިހުރިހާ ދުވަހު ވެސް ކަންތައް ހިނގަމުން މިއައީ ބައްޕަ ބޭނުންވެލެއްވި ގޮތަކައްނު، އެހެންވީމަ ދެން ވެސް ކަންތައް ހިނގާނީ ބައްޕަ ބޭނުންވެލައްވާގޮތައް…” ރުހައިލުގެ ވާހަކަތަކުން މަލީކަށް ހުއްޓުން އެރިއެވެ. ޝާރުދާ ވެސް ހުރީ ހައިރާންވެފައެވެ. ރުހައިލު އޭނާގެ ބައްޕައަށް ހިތްހަމަނުޖެހިގެން ދުވަހަކު ވެސް ބަހެއް ނުބުނެއެވެ. އެކަމަކު މިރޭ ރުހައިލަށް ބަދަލުތަކެއް އައިސްފައި ހުރިކަން ޝާރުދާގެ ލޯ ހެކިވިއެވެ. މަލީކު ހިމޭންވެފައި ހުރުމާއެކު ޝާރުދާއަށް އަވަސް ނަޒަރެއް ބަދަލުކޮށްލިއެވެ.
“ދަރިފުޅާ، ނައިރާ ދެކުދިން ކަމަކާ ދެބަސްވީތަ؟” ޝާރުދާ އައިސް އޯގާތެރިކަމާއެކު ރުހައިލުގެ ކޮނޑުގައި ފިރުމާލަމުން ވާހަކަދެއްކިއެވެ. މަންމަގެ އޯގާތެރިފިރުމާލުމުން ވެސް ބައްޕައާ މެދު ރުހައިލުގެ ހިތުގައި އުފެދިފައިވާ ކިނލަބުކަން ސާފުވާގޮތެއް ނުވިއެވެ. އެހެންނަމަވެސް އޭނާ މަންމަގެ ހިތަށް ބުރަކަމެއް ލިބޭކަށް ނޭދެއެވެ.
“ނައިރާ އެ ދަނީ ގެއަށް، އަޅުގަނޑު މިދަނީ ނައިރާ ބަލާ…. މަންމައަށް އެނގޭނެ ނައިރާ ބަނޑުބޮޑުވިފަހުން ކުޑަކުޑަކަމެއް ވިޔަސް އުޅެނީ އެހެންކަން، އެހާ އަވަހަށް ރޯނެ”
“އާން! އާން! ދަރިފުޅު އަވަހަށްދޭ… މަރިޔަމްމެން ތިބޭނީ ވަރަށް ކަންބޮޑުވެފައި މިގަޑީގައި ނައިރާ ރޮމުންރޮމުން އެގެއަށް ދިޔައީމަ، ދެން ދޭ ދަރިފުޅު، ގޮސް ނައިރާ ރުއްސައިގެން އޭނާ ގޮވައިގެން އާދޭ”
ޝާރުދާ މިހެންބުނެ އަވަސްވެގަތީ ނައިރާގެ މަންމައަށް ގުޅުމަށެވެ. އެމީހުންގެ މެދުގައި އުފެދިދާނެ ކުށްހީތައް ދުރުކޮށްލުމަށެވެ. ރުހައިލު އެނބުރި ކޮޓަރިއަށް ވަނީ ނިދަންލާ ސޯޓު ބަދަލުކުރުމަށެވެ. ޝާރުދާ އެނބުރ ކޮޓަރިއަށް ދިޔައީ މަލީކުއަށް ހުއްޓުން އަރާފައި ހުއްޓާ އޭނާގެ އަތުގައި ހިފާ ދަމާލަމުން އޭނާ ވެސް ގޮވައިގެންނެވެ. ދެ މީހުން ވެސް ތިބީ ނިދާ ހެދުމުގައި ކަމަށްވީމައި ނައިރާ ގޮވައިގެން ރުހައިލު އަންނަން ވާއިރަށް އެއްޗެއްހި ބަދަލުކޮށްލުމަށެވެ.
ކޮޓަރިއަށް ވަންގޮތަށް ރުހައިލަށް ފުންނޭވާއެއް ބޭރުކޮށްލެވުނެވެ. ކަންތައްތައް ވަރަށް ގޯސްވެއްޖެކަމުގައި އޭނަގެ ޟަމީރު ބުނަމުންދިޔައެވެ. ނައިރާ ބަލާ އެގެއަށް ދިޔަ ނަމަވެސް އޭނާ އެނބުރި އަންނާނެކަމުގެ އެއްވެސް ޔަޤީންކަމެއް ރުހައިލަކަށް ނެތެވެ. ބޯގޮވާފައި ހުރި މީހަކު ހެން ރުހައިލު އައިސް އެނދުގައި އިށީނެވެ.
* * * *
އިކްރާމު ގެއަށް އައިސް ވަނީ ނައިރާ ގޮވައިގެންނެވެ. އޭރު ބޮޑުކޮޓަރިތެރޭގައި މަރިޔަމް އާއި ޒާހިރު ތިއްބެވެ. މަރިޔަމް ފެނުމާއެކު ތުއްތު ކުއްޖެއްހެން ތުންފިއްތާލަމުން ނައިރާ ދުވަމުން ކަހަލަ ގޮތަކަށް އައިސް ސޯފާގައި އިން އޭނާގެ މަންމަގެ ގައިގާ އޮޅުލައިގަނެއްޖެއެވެ. އެއާއެކު ބާރަށް ރޮވިއްޖެއެވެ. އެހިނދު ލޯތްބާއިއެކު މަރިޔަމް އޭނާގެ ދަރިފުޅުގެ ބުރަކަށީގައި ފިރުމާލިއެވެ. ޒާހިރު ތެދުވެގެން އައިސް ނައިރާގެ ގާތުގައި އިށީނދެ ދަރިފުޅުގެ ބޮލުގައި ފިރުމާލިއެވެ.
“ދަރިފުޅާ، ދެން ނުރޮއެ… އަދި ތިވަރަށް ރޯކަށް ނުވެއެއްނު” ޒާހިރު ބުނެލިއެވެ.
މަރިޔަމް އާއި ޒާހިރުގެ މޫނުމަތިން އެއްގޮތަކަށް ވެސް ކަންބޮޑުވުމެއް ފާޅެއްނުވެއެވެ. ޝާރުދާގެ ފޯނުކޯލަށްފަހު ނައިރާއާ މެދު ހާސްވުމުގެ ބޭނުމެއް އޮތްކަމުގައި މަރިޔަމް އާއި ޒާހިރު ނުދެކުނެވެ. ދަރިފުޅު މަސަލަސްކުރެވޭތޯ ޅަކުއްޖަކަށް ކަންތައްކުރާހެން މަރިޔަމް އާއި ޒާހިރު ކަންތައްކުރިއެވެ. ވެގެން އުޅޭގޮތެއް ނައިރާ އެކަކު ގާތު ވެސް ނުބުންޏެވެ. ނައިރާގެ ރުއިން މަޑުވުމުން އަރާމުކޮށްލަން ދިއުމަށް މަރިޔަމް އެދުނެވެ. ނައިރާ އެއްބަސްވުމުން އޭނާ ގޮވައިގެން މަރިޔަމް އައިސް އެގޭގައި ނައިރާއަށްޓަކައި ހުރި ކޮޓަރިއަށް ވަނެވެ. އަދި އޭސީގެ ފިނިން މާބޮޑަށް ނައިރާއަށް ފިނިވެދާނެތީ އަލަމާރިތެރެއިން ބޮޑު ޝޯލްއެއް ނަގައިގެން ގެނެސް ނައިރާގެ ގައިގާ އޮޅާލަދިނެވެ. އަދި އެނދުގައި ނައިރާ ގެނެސް ބޭންދުމަށްފަހު ފެންފޮދެއް ދީފައި ދަރިފުޅު ގާތުގައި އޮށޯތުމަށް މަރިޔަމް އެދުނެވެ.
“މަންމަ ދެން ދޭ، އަޅުގަނޑު ކުޑަކޮށް ނިދާލަން ބޭނުންވަނީ” ނައިރާ މިހެން ބުނުމުން އޭނާ ހަމައަށް އެޅިއްޖެކަމުގައި މަރިޔަމްއަށް ޤަބޫލުކުރެވުނެވެ. އެހެންވެ ދަރިފުޅަށް ހިނިތުންވެލަމުން ނައިރާގެ ކޯތާފަތުގައި ލޯބިން ފިރުމާލާފައި ތެދުވެގެން ގޮސް އެ ކޮޓަރިން ނިކުތެވެ.
މަރިޔަމް ނިކުމެގެން ދިއުމުން ނައިރާ އެނދުގައި އިންގޮތަށް އިނދެ ލައްޕާލެވިފައި އޮތް މުށް ހުޅުވާލިއެވެ. އަދި އެ މުށު ތެރޭ އޮތް ޗޭނުކޮޅަށް ބަލަންފެށިއެވެ.
“ކާކުބާ އެއީ؟ ރުހައިލު ލޯބިވަނީ އެ މީހަކުދެކެ… ދެން ކީއްވެބާ އަހަންނާ މެރީކުރީ…. ފްރެންޑްސް ފޮރެވަރ، ރުހައިލުގެ ރަޙުމަތްތެރިންގެ ތެރޭގައި ހިމެނޭ އަންހެންކުއްޖަކަށް އޭނަ ވާނީ، ފަޒަލް… އާން! ފަޒަލްއަށް އެނގޭނެ، އެކަމަކު… އަހަރެން ދުވަހަކު ވެސް ނުދެކެން ރުހައިލު އަންހެންކުދިންނާ ވާހަކަދައްކާތަނެއް، އެއްކޮށް ކިޔަވަން އުޅުނު ކުއްޖަކަށް ވެދާނެ… ނޫން، އެހެނެއްނުވާނެ، ފަޒަލް ބުނޭ ރުހައިލުގެ މާގިނަ ރައްޓެހިންނެއް ނުތިބެޔޭ، އަނެއްކާ އަންހެންކުދިންނަށް އޭނާ ނުބަލާކަން މިއްމި ވެސް ފާހަގަކުރި، ދެން ކާކު… ރުހައިލު ތިހާ ވަރަށް ލޯބިތިވަނީ ކާކުދެކެތަ؟….އެއީ ކޮން އަންހެންކުއްޖެއްތަ” ނައިރާ ޗޭނުކޮޅަށް ބަލަން އިނދެ އަމިއްލަ ޟަމީރާ ވާހަކަދެއްކިއެވެ.
ވިސްނުމުގެ ތެރެއަށް ނައިރާ ގެއްލިފައި އެތައް އިރަކު އިނެވެ. އެހެން އިންދާ ކުއްލިއަކަށް ކޮޓަރީގެ ދޮރު ހުޅުވާލަފައި ވަންތަން ފެނުނީ ރުހައިލެވެ. ކަޅިވެސް ޖަހާނުލާ ރުހައިލަށް ބަލަހައްޓައިގެން ނައިރާއަށް އިނދެވުނެވެ. އެއީ އޭނާ އެންމެ ލޯބިވާ ޒުވާނާއެވެ. އެމީހެއްގެ އަނތްބަކަށް ވުމަށް ހިތުގެ އަޑިން ދުޢާކުރެވުނު ފަރާތެވެ. މިއަދު ނައިރާއަށް ރުހައިލު މިލްކުވެއްޖެއެވެ. އެހެންނަމަވެސް ރުހައިލުގެ ހިތެއް މިލްކެއްނުވިއެވެ. ހިތްކުދިކުދިވެގެން ދިޔަފަދަ ތަދާއެކު ނައިރާގެ ދެ ތުންފަތުން މަޑު އާހްއެއްގެ އަޑު ނިކުމެގެން ދިޔައެވެ. އެއާއެކު މަޑުމަޑުން އިސްޖަހާލިއެވެ.
“މިއައީ ނައިރާ ބަލާ”
“އެ ޗޭނުކޮޅުގެ ހަޤީޤަތް އަހަންނަށް ކިޔައިދީބަލަ” ނައިރާ ބުނި އެއްޗެއް ރުހައިލަށް އިވުނެއްކަމަކު އޭނާ ޚިޔާރުކުރީ ހިމޭންކަމެވެ. އެގޮތް ނައިރާއަށް އެއްގޮތަކަށް ވެސް ކަމަކު ނުދިޔައެވެ. އޭނާގެ ހިތާއި ސިކުނޑިވަނީ ރުހައިލުގެ އަތުގައި އެހާ ދުވަހު އަޅައިގެން އުޅުނު ޗޭނުކޮޅުގެ ހަޤީޤަތް އެނގެން ބޭނުންވެފައެވެ.
“އަހަންނަށް އެނގޭ ރުހައިލު ލޯބިވަނީ ތި ޗޭނުކޮޅު ދިން ކުއްޖާދެކެކަން، އެހެންނޫންނަމަ މިރޭ މިވަގުތު އަހަރެން ބަލާ އައިސް ހުރި އިރު ތިއަތުގައި ތި ޗޭނުކޮޅެއް ނޯންނާނެ، ޕްލީޒް ރުހައިލު، އަހަރުމެން ދެމީހުން މިއުޅެނީ އުފަލުންނެއްނޫން…”
“ނައިރާ، މިހާ ދުވަހު ވެސް އުޅުނީނު، އަހަރެން ނައިރާ ދޫކޮށެއްނުލާނަން، ތީ އަދިވެސް އަހަރެންގެ އަނތްބެއް، ހިނގާ ގެއަށް”
“ހަޤީޤަތް އަހަރެން ޤަބޫލުކުރާއިރު ރުހައިލު ޤަބޫލުނުކުރަން ތިއުޅެނީ ކީއްވެތަ؟ އަހަރެންމީ އަނބިމީހާކަމަށް ރުހައިލު ބުނާއިރު ކީއްވެތަ މި އަނބިމީހާއަށްޓަކައި އަތުގައި ތިއޮތް ޗޭނުކޮޅު ދޫކޮށްނުލެވުނީ، ރުހައިލު އެހާ ގާތް ރަޙުމަތްތެރިއަކު ހުރިކަމެއް އަހަރެން ނުދެނަހުރިން، އަހަރެންގެ ކުރިމަތީ ވެސް ރުހައިލު ވާހަކަދައްކާ އުޅުނީ ހަމައެކަނި މިއްމިއާ ދެން ތިގޭގައި ހުރި އަރުފީން…” އަރުފީނުގެ ނަން ނައިރާގެ ދުލާ ހަމައަށް އައުމާއެކު ރުހައިލު ދިޔައީ ސިހިގެންނެވެ. އޭނާއަށް ވީގޮތް ނައިރާއަށް ފެނުމާއެކު ސިކުނޑިގެ ކޮންމެވެސް ހިސާބަކުން ނައިރާއަށް ކަމެއް ހަނދާންކޮށްދިން ކަހަލައެވެ. އަވަސް އަވަހަށް އޭނާގެ އަތުގައި އޮތް ޗޭނުކޮޅަށް ބަލާލިއެވެ.
“އޭ އަކުރު… އަރުފީން… އަރުފީން” ޗޭނުކޮޅުގައި ޖަހާފައި އޮތް އިނގިރޭސި އަކުރަށް ބަލަން އިނދެ ނައިރާއަށް ހިތާ ހިތުން ކިޔާލެވުނެވެ.
“ނޫން! ނުވާނެހެނެއް… ރުހައިލު… އަރުފީނުދެކެ…. ނުވާނެއެހެނެއް، ރުހައިލަށް އެކަހަލަ އަންހެންކުއްޖަކު ކަމުދިޔައީ…” އަމިއްލަ ހިތް ބުނަމުން ދިޔަ ވާހަކަ ޤަބޫލުކުރަން ނައިރާއަށް ފަސޭހައެއްނުވިއެވެ. އެހެންނަމަވެސް ރުހައިލުގެ މޫނުމަތިން އޭނާގެ ހިތުގައިވާ އެއްޗެއް ސިއްރެއްނުވިއެވެ.
“އަރުފީން… އެކުއްޖަކީ އަރުފީނު ދޯ” ވަރަށް ހިތްވަރުކޮށްފައި ނައިރާ ރުހައިލަށް ބަލަން އިނދެ ބުނެލިއެވެ. އެއާއެކު ރުހައިލު މޫނުމަތިން ފާޅުވެގެން ދިޔަ އަސަރުތައް ފޮރުވުމަށް އޭނާ އިސްޖަހާލިއެވެ. ނައިރާއަށް ރުހައިލުގެ ދުލުން އެއްވެސް ވާހަކައެއް އަޑު ނީވުނު ކަމުގައި ވިޔަސް އޭނާ ބޭނުންވި ޖަވާބު ލިބިއްޖެއެވެ. ބަނޑުގައި ފިރުމާލުމާއެކު ނައިރާ އޭނާގެ ބަނޑަށް ބަލާލިއެވެ. ފުރެމުން އައި ދެ ލޯ ކުރިމަތީ އޭނާއަށް ރުހައިލު އާއި އަރުފީނު ފެންނަމުން ދިޔައެވެ. މީގެ ކުރިން އޭނާއަށް ފާހަގަނުކުރެވޭ އެތައް ކަމެއް ހަނދާނަށް އަންނަން ފެށިއެވެ. ގައިގާ ވަށާލާފައި އޮތް ޝޯލްގައި ދެއަތުން ބާރަށް ހިފަހައްޓާލެވުމާއެކު ނައިރާއަށް ރޮވެންފެށުނެވެ. ކައިވެނީގެ ރޭ އެ ހަފުލާއިން ނިކުމެގެން ދިޔަ އަރުފީނަށް ރުހައިލު ބަލަން ހުރި މަންޒަރު ހިތާ ސިކުނޑީގައި ފިލްމެއްގެ މަންޒަރުހެން ކުޅެވެމުންދިޔައެވެ. ދެ ތުންފަތުން ނިކުންނަމުން ދިޔަ ރުއިމުގެ އަޑު ބާރުވެގެންދިޔައެވެ.
މަޑުމަޑުން އައިސް ނައިރާގެ އެނދުގެ ފައިލާކޮޅުގައި ރުހައިލު އިށީނެވެ. ނައިރާ ކައިރީ ހުއްޓާލާށޭ ބުނާނެ ހިތްވަރެއް އޭނާގެ ނެތެވެ. ގިނައިރެއްނުވެ ނައިރާގެ ރުއިމުގެ އަޑާއިއެކުވެގެން ދިޔައީ ރުހައިލުގެ އަޑެވެ. ދުވަހަކު ވެސް ރުހައިލުގެ ރުއިމުގެ އަޑުއިވިދާނެކަމަށް ނައިރާ ހިޔެއްނުކުރެއެވެ. ވަކިން ބޮޑަށް ނައިރާއަށް ރޮވިއްޖެއެވެ. ދެއަތްތިލަ އިން މޫނު ފޮރުވާލުމާއެކުއެވެ. ދެ މީހުންގެ ހާލަކީ ވެސް އެއްހާލެކެވެ. ދެ މީހުން ވެސް ކަރުނަ އޮއްސަމުން ދިޔައީ ލޯތްބަށްޓަކައެވެ. ނައިރާ ހިތުގައިޖެހިފައިވާއިރު ރުހައިލުގެ އަޑުން އޭނާ ވެސް އެވަނީ ގޮތްހުސްވެފައިކަން ހާމަވެއެވެ. އިރުގަނޑެއް ފަހުން މަޑުންމަޑުން ދެ މީހުންގެ އަޑު ވެސް މަޑުވިއެވެ. ރުހައިލު ދެ ލޯ ފުހެލުމާއެކު ތެދުވިއެވެ. އަދި މަޑުމަޑުން އައިސް ކޮޓަރީގެ އެއްފަރާތުގައި ބަހައްޓާފައި ހުރި ނައިރާގެ ދަބަސްނެގިއެވެ. ދެ ލޯ ފުހެލި ނައިރާ އެ މަންޒަރު ބަލަން އިނެވެ. ފުރަގަސްދީގެ އިރުކޮޅަކު މަޑުކޮށްލައިގެން ހުރުމަށްފަހު ރުހައިލު ނައިރާއާ ކުރިމަތިލިއެވެ. އަދި އޭނާގެ ހުޅުވާލެވިފައިވާ އަތްތިލަ ނައިރާއަށް ދިއްކޮށްލައިގެން ބަލަންހުއްޓެވެ. އެ ދެލޮލަށް ނައިރާ ބަލާލުމަށްފަހު އެނދުން ތެދުވެ އެއަތުގައި ހިފިއެވެ.
ނައިރާމެން ގެއިން ނިކުމެގެން އައިސް ރުހައިލުގެ ކާރަށް އަރަންދެން ނައިރާގެ އަތުން ރުހައިލު ދުލެއްނުކުރެއެވެ. އިރުއިރުކޮޅާ ނައިރާގެ ނަޒަރު ރުހައިލަށް ހުއްޓެއެވެ. އަނގައިން އެންމެ ބަހެއް ވެސް ރުހައިލު ނުބުނެއެވެ. އެކަމަކު އެހިތުގައިވާ އެއްޗެއް ނައިރާއަށް އެނގޭ ކަހަލައެވެ. ޒަހަމްވެފައިވަނީ ހަމައެކަނި ނައިރާގެ ހިތެއް ނޫންކަން އޭނާއަށް އެނގެއެވެ. ގެއާ ހަމައަށް އާދެވެގެންދެން ދެމީހުން ވެސް ދޭތެރެއަކުން ލޯ ފުހެލާތަން ފެނެއެވެ.
ޝާރުދާ އާއި މަލީކަށް ގޭތެރެއަށް ވަދެގެން އައި ރުހައިލު އާއި ނައިރާ ފެނުމުން ލިބިފައި ތިބި ހާސްކަން ފިލާ ދިޔައެވެ. އެހެންނަމަވެސް ރުހައިލުގެ ހިމޭންކަމާއި ނައިރާގެ ހިމޭންކަން ޝާރުދާއަށް އުނދަގޫކުރުވިއެވެ. އިތުރު ސުވާލުތަކެއް ޝާރުދާއަށް ނުކުރެވުނީ ނައިރާ ކޮޓަރިއަށްދާން ބޭނުންވީމައެވެ. ރުހައިލު، ނައިރާ ގޮވައިގެން އައިސް ކޮޓަރިއަށް ވަނުމުން ޝަރުދާމެން ވެސް އެމީހުންގެ ކޮޓަރިއަށް އައިސް ވަނެވެ.
“އައި އެމް ސޮރީ…”
“ރުހައިލު… އަރުފީ…”
ނައިރާ ދުލުން އަރުފީނުގެ ވާހަކަދައްކާއަޑު އަހާކަށް ރުހައިލު އެއްގޮތަކަށް ވެސް ބޭނުންނުވާ ކަހަލައެވެ. އޭނާ ނައިރާއަށް ވާހަކަދައްކަން ފުރުޞަތު ނުދީ ކޮޓަރިން ނިކުމެގެން ދިޔައީއެވެ. ވަރުބަލިކަމެއް ހަށިގަނޑެއް ލިބިފައިވުމުން ނައިރާ އެނދުގައި އޮށޯވެލިއެވެ. އެހެންނަމަވެސް އޭނާގެ ލޮލުން ކަރުނައެއް ނުހިކުނެވެ. ހިތާއި ސިކުނޑިއަށް ހަމަޖެހުމެއް ނުލިބުނެވެ. އިރު އަރަންދެން ވެސް އޭނާ އޮތީ ފިކުރު ކުރުމުގައެވެ. ރުހައިލު އިނީ ހާމަފެންޑާގައެވެ. އަރުފީނުގެ ނަންކިޔާލުމާއެކު އޭނާގެ ދެލޮލުން ހޯސްލާފައި ކަރުނައި ފައިބައިގަނެވެ. ސިނގިރޭޓަކަށްފަހު ސިނގިރޭޓެއް ތުނބުގައި ޖަހާލާއިރު ހީވަނީ މިރެއިން މިރެއަށް ވެސް އޭނާގެ ފުރާނަ ދުއްވާލަން ބޭނުންވެފައި އިންހެނެވެ. ނުނިދިގެން އެނދުން ތެދުވެގެން ނައިރާ އައިސް ހާމަފެންޑާއަށް އެރީ ރުހައިލު އިންނާނީ އެތަނުގައި ކަން އެނގިގެންނެވެ. އޭނާއަށް ފެނުނު މަންޒަރުން އިތުރަށް ރުހައިލުއާ ކުރިމައްޗެއް ނުލެވުނެވެ. ރުހައިލުގެ ލޯބި އޭނާ ބޭނުމެވެ. އެކަމަކު ރުހައިލުގެ އުފާވެރިކަން ވެސް އޭނާ ބޭނުމެވެ.
“އަރުފީނު، ރުހައިލަށް އެހެން ހަދާފައި ތި ދިޔައީ ކޮންތާކަށް، އަހަންނަށް ކީއްވެތަ ނޭނގުނީ ރުހައިލު ލޯބިވަނީ އަރުފީނުދެކެކަން…. ރުހައިލުގެ ހުރިހާ ހަމަޖެހުމެއް ގުޅިފަވަނީ އަރުފީންއާ، އަހަންނަށް އަރުފީނު ކަމުދޭ… ތަފާތުކަމެއް ހުއްޓަސް ހިތް ސާފުކަން އަބަދުވެސް އެނގޭ، އަހަރެން ރުހައިލުދެކެ ވަރަށް ލޯބިވޭ، ރުހައިލު އަހަންނާއެކު އުޅެން މަސައްކަތްކުރާއިރު އަހަރެން އޭނާއަށް އޭނާގެ އުފާވެރިކަން ގެނެސްދޭނަން، އަހަރުމެންގެ ދިރިއުޅުމަށް އަރުފީނު އަޔަސް އަހަރެން ހުންނާނި އުފަލުން…” ނައިރާ ބޭނުންވީ ރުހައިލަށް އޭނާގެ ލޯބި ހޯދާދޭށެވެ. ރުހައިލުގެ ހިތްހަމަޖެހުމަށްޓަކައެވެ. ޚުދު އޭނާ ރުހައިލުދެކެ ވާ ލޯތްބަށްތަކައެވެ.
ހެނދުނު ޝާރުދާމެން ސައިބޯން ސައިކޮޓަރިއަށް ދާނޭކަން އެނގޭތީވެ ނައިރާ އަވަސް އަވަހަށް ތައްޔާރުވެލިއެވެ. ރޭ ހަތަރުދަމު ފިކުރު ކުރުމަށްފަހު އޭނާ ނިންމާފައިވާ ގޮތް އެމީހުންނަށް ހާމަކުރުމަށެވެ. ރުހައިލުގެ އުފަލަކީ އަދި އޭނާގެ އެދުމަކީ ކޮބައިގެން އެންގުމަށެވެ. ކެތްތެރިކަން ކުޑަވެފައި ހުރެ ކޮޓަރިން ނިކުމެގެން އައިސް ލިފްޓަށް އަރަން ތައްޔާރުވެލިއެވެ. އެހެންނަމަވެސް ކެތްތެރިކަން ކުޑަވެފައި ހުރިވަރުންނާއި މަލީކު އާއި ޝާރުދާ ބުނާނެ އެއްޗެއް ނޭނގޭތީ އެކަމުގެ ޚިޔާލުގައި ހުރި ނައިރާއަށް ލިފްޓު އަންނަލެއް ލަސްވެގެން ކުޑަކޮށް ދުވެލާފައި އައިސް ސިޑިން ފައިބަން ފެށިއެވެ. ދެ ހަރުފަތެއް ގިރާކޮށްލި ތަނާ ކުއްލިއަކަށް ފައިގެ ކުޑަހުޅަށް ގޮތެއްވެ އަރިއަޅާލުމާއެކު ވިހަންތައްޔާރުވެފައި ހުރި ނައިރާ އަނގަވަތަށް ހަރުފަތްތަކުގެ މައްޗަށް ވެއްޓުނެވެ. އެއާއެކު ގޭގެ ތަނބުތައް ގުޑައިގެން ދިޔައީ ނައިރާގެ ބާރު ހަޅޭކާއެކުއެވެ. ސައިކޮޓަރީގައި ތިބި މަލީކު އާއި ޝާރުދާ ނިކުން އިރު ބޮޑުބަނޑާއެކު ނައިރާއޮތީ ބަންޑުންނެވެ. ދެ ލޯ ބޮޑުވި ޝާރުދާއަށް “މަގޭ ދަރިއޭ” ކިޔާ ހަޅޭލަވައިގަނެވުނީ ބޭއިޚްތިޔާރުގައެވެ.
ހާމަފެންޑާގެ ފާރުބުރީގައި ބޯޖައްސާލައިގެން ކުޑަކޮށް ނިދިޖެހިފައި އިން ރުހައިލު ވެސް ދިޔައީ ސިއްސައިގެންނެވެ. ދެފަޔަށް ލެވުނުހާ ބާރެއްލާފައި ހަލުވިކޮށް ދުއްވައިގަތީ ނައިރާގެ އަޑުކަން ޔަޤީންވާތީއެވެ. ތިރިއަށް ނުފޭބިގެން އުޅެނިކޮށް ޝާރުދާގެ ހަޅޭކުގެ އަޑުއިވުނެވެ. އެންމެ ތިރީބައިގެ ހަރުފަތްތަކުން ތިރިއަށް ފޭބުމުގެ ބަދަލުގައި ރުހައިލަށް ލިބުނީ ކުއްލި ހައިރާންކަމެކެވެ. މަލީކު އާއި ވަރުޝާގެ އިތުރުން ފާރުޤު ވެގެން ނައިރާ އުފުލާލަނީއެވެ. އެމީހުންގެ އަތުގެތެރޭގައި ނައިރާ އޮތްއިރު ކަނދުރާ އެލިފައި އޮތްތަން ފެނުމުން ރުހައިލަށް ވީގޮތް ވެސް ނޭނގުނެވެ. ސިޑިމަތިން އުދުހިފައިކަމަށް ނޫނީ ހުރިހާ ހަރުފަތެއްމަތިން ފުންމާލީކަމެއް ނޭނގެއެވެ. ރުހައިލު އައިގޮތަށް އައިސް ނައިރާގެ ކަނދުރާ ދަށަށް އެއް އަތްލައްވާލުމާއެކު އޭނާގެ ބާރުގަދަ އަތުގެތެރެއަށް ނައިރާ ގެނެސްލިއެވެ. އަދި އަވަހަށް އައިސް ސޯފާގައި ނައިރާ ބޭއްވިއެވެ.
ގިނައިރެއްނުވެ ހޮސްޕިޓަލަށް ނައިރާ ގެންދެވުނެވެ. އެހެންނަމަވެސް އޭރު ވެސް ނައިރާގެ ހެއެއްނެތެވެ. އެމްބިއުލާންސަށް ނައިރާލުމަށް އަށިގަނޑަށް އަރުވަން ހިއްލާލިއިރު ނައިރާގެ ބަނޑުން ލޭފައިބަން ފަށައިފިއެވެ. އަދި އުފުލާލުމާއެކު ލެޔާއި ފެނާއެކުވެގެން ހޯސްލާފައި ފައިބައިގަނެއްޖެއެވެ. ބިރުންފިތްކެނޑިފައިވާ މީހަކުހެން ރުހައިލު އޭނާގެ މަންމައަށް ބަލާލިއެވެ. އޭރު ޝާރުދާ އަނގަމަތީ އަތްއަޅައިލައިގެން ދެ ލޯބޮޑުވެފައި ހުރީ ބަސްހުއްޓިފައެވެ.
އަވަސްފަރުވާދޭ ބައިން ނައިރާ ފަޅާކޮޓަރިއަށް ގެންދިއުމުގެ ކަންތައް ހަމަޖެއްސުމަށް ޑޮކްޓަރަށް އައިސް ލަފާދެއްވިއެވެ. ދަރިފުޅު ވިއްސުމަށް ވަގުތު ދުއްވާލުމުގެ ބަދަލުގައި ފަޅާފައި ދަރިފުޅު ނަގަން ޑޮކްޓަރުން އަވަސްވެގަތެވެ. އަދި ނައިރާގެ ގައިން ލޭމަދުވަމުން ދާތީ އެކަމާ ކަންބޮޑުވުން ފާޅުކުރިއެވެ. ޑޮކްޓަރިން ފަރުވާދެމުން ދަނިކޮށް ނައިރާ ހޭއެރިއެވެ. އޭރު ފަޅާކޮޓަރިއަށް ވައްދަން ތައްޔާރުކޮށްފިއެވެ. އެހެންނަމަވެސް ފަޅާކޮޓަރިއަށް ވެއްދުމުގެ ކުރިން ނައިރާ ޑޮކްޓަރުންގެ ގާތުން އެދުނީ ފިރިމީހާއާ ބައްދަލުކޮށްދިނުމަށެވެ. އެހެންވެ ޑޮކްޓަރަކު އައިސް ރުހައިލު އެތެރެއަށް ވެއްދިއެވެ. ހާސްވެފައި ހުރެ ރުހައިލު އައިސް ނައިރާގެ ގާތުގައި މަޑުކޮށްލިއެވެ.
“އަރުފީން…”
“ޕްލީޒް ނައިރާ، އެ ވާހަކަ ނުދައްކާ…”
“އަހަރެން ވަރަށް ލޯބިވޭ ރުހައިލުދެކެ، އަރުފީނު ގެނޭ… އަހަރެން ބޭނުންވަނީ… އަރުފީނު… ރުހައިލު… އަހަރުމެން ތިން މީހުން… އަހަރުމެން އުފަލުގައި އުޅެވޭނެ… މީ….” ނައިރާއަށް ފަހަރަކަށްވުރެ ފަހަރެއް ވާހަކަދައްކަން އުނދަގޫވަމުން ދިޔައެވެ. އޭނާ ރުހައިލުގެ އަތް ގެނެސް ބަނޑުގައި ޖައްސާލިއެވެ.
“މީ… މީ އަހަރުމެން ދެމީހުންގެ ދަރިއެއް، އަހަރެން ބުނީމެއްނު އަހަރެން ނައިރާ ދުލެއް ނުކުރާނަމޭ، އައި އެމް ސޮރީ، އަހަރެން ނައިރާ ދެރަކުރާކަށް ދުވަހަކު ވެސް ބޭނުމެއްނޫން”
“ރުހައިލު….” އެންމެ ފަހު ފަހަރަށް ނައިރާ ރުހައިލަށް ގޮވާލާފަދަ ގޮތަކަށް ގޮވާލިއެވެ. އަދި ފެންކަޅިފައިވާ ދެ ލޮލުން ރުހައިލަށް ބަލަހައްޓައިގެން އޮތީ ލުއިހިނިތުންވުމަކާއެކުއެވެ. ރުހައިލާ ވަކިވެގެން އެ ދަނީ ހިތްހަމަޖެހިގެން ކަމުގައި ބުނާ ހާލުގައެވެ. ވީ ވެސް އެހެންނެވެ. ފަޅާކޮޓަރިތެރެއިން އެނބުރި ޢާއިލާއަށް ލިބުނީ ނައިރާގެ ފުރާނަނެތް މަސްގަނޑެވެ. ލޯބި ލޯބި އަންހެންދަރިއަކު ރުހައިލާ ހަވާލުކުރުމާއެކު އޭނާ ރުހައިލާ ވަކިވިވެގެން އެ ދިޔައީ ރުހައިލުގެ ލޯތްބަށް ފުރުޞަތުދީފައެވެ. ނައިރާގެ އުންމީދުތަކާއި އޭނާގެ ރޭވުމުގެ މައްޗަށް ތަޤްދީރުގެ ރޭވުން ކުރި ހޯދީއެވެ. ލިބުނު އުފަލާއެކު ހިތާމައިގެ ކަރުނައިން އެންމެންގެ ލޯތަށް ރޮއްވާލައިފިއެވެ. ކުޑަދަރިފުޅުގެ ގައިގާ ބޮސްދެމުން ނައިރާ ވަކިވެދިއުމުގެ ހިތާމައިގައި ރުހައިލުގެ ލޮލުން ވެސް ހިފެހެއްޓުމެއްނެތި ކަރުނަ އަންނަމުން ދިޔައެވެ. އަތުގައި އޮތް ދަރިފުޅަށް ނައިރާގެ ދޮންކަމާ އެ ރީތި އިސްތަށިކޮޅުގެ އިތުރުން އެފަދަ ލޯބިލޯބި ތުންފަތެއް ލިބިފައިވެއެވެ. އެ މޫނުން އެންމެން ވެސް ނައިރާ ހޯދަމުން ދިޔައީ ނައިރާއާ ވަކިވާން ބޭނުންނުވާތީއެވެ. ދަރިފުޅުގެ ވަކިވުމާއެކު މަރިޔަމްއަށް ކަންބޮޑުވެފައި ބަލާލެވުނީ ކުޑަދަރިފުޅު ގޮވައިގެން ރޯން ހުރި ރުހައިލަށެވެ.
ކަށުކަމާކެމީގެ ކަންތައް ނިންމާފައި ރުހައިލު އާއި ދެފަރާތުގެ ޢާއިލާ މެންބަރުން އައިސް ވަނީ ބަހާރުގެއަށެވެ. ހަމަ އެވަގުތު މަރިޔަމްގެ އަތުގައި އޮތް ތުއްތު ދަރިފުޅުގެ ރުއިމުގެ އަޑުން ހިމޭންވެފައި ތިބި އެންމެންގެ ސަމާލުކަން އަތުލިއެވެ. އެހިނދު މާމަދަރިފުޅު މަސަލަސްކުރަން އުޅުމުގެ ބަދަލުގައި މަރިޔަމްއަށް ރޮވިއްޖެއެވެ. ފެންކަޅިވެފައި ހުރި ޝާރުދާ އަވަސް އަވަހަށް އައިސް މަރިޔަމްގެ އަތުން ދަރިފުޅު ނެގިއެވެ. ޒާހިރު އައިސް އަނބިމީހާއަށް ހިތްވަރުލާދޭންފެށިއެވެ. އެންމެންގެ މޫނުތަކަށް ރުހައިލު ބަލަން ހުރިއިރު ރޮއެރޮއެ އެ ދެ ލޯ ވެސް ވަނީ ރަތްވެފައެވެ. ކަރުނައިގެ އަސަރު އޭރު ވެސް ފާޅުވޭވޭ ހުއްޓެވެ. މިލާން އާއި ފަޒަލް މަޑުކޮށްލައިގެން ހުރީ ރުހައިލުގެ ގާތުގައި ނަމަވެސް އެމީހުންނަށް ރުހައިލަށް ކޮށްދެވޭނޭ ކަމެއް ނެތެވެ. ބުނާނީ ކީކޭކަމެއް ވެސް ނޭނގިފައި ތިބި ކަހަލައެވެ. މަލީކު އައިސް ރުހައިލުގެ ކޮނޑުގައި ފިރުމާލަމުން ސޯފާގައި އައިސް އިށީނުމަށް އެދުނެވެ. ކުޑަދަރިފުޅަށް އަމާޒުވެފައި ހުރި ރުހައިލުގެ ލޯ ކުއްލިއަކަށް ވަކިކޮށްލުމާއެކު އޭނާ ހަލުވިކޮށް އައިސް ލިފްޓަށް އެރިއެވެ. ލިފްޓުގެ ދޮރުލެއްޕުނު ތަނާހެން ރުހައިލު ކުރަމުން އައި ހިތްވަރު މުޅިން އެލި އޭނާއަށް ވެސް ބާރަށް ރޮވިއްޖެއެވެ. ހުއްޓާލަން މަސައްކަތްކުރި ނަމަވެސް އެކަމެއް ފަސޭހައެއްނުވިއެވެ. ލިފްޓުން ނިކުމެ ކުރިއަށް ދެތިން ފިޔަވަޅު އަޅާލުމަށްފަހު ފާރުގައި އެއްއަތް ވިއްދާލުމާއެކު އަނެއްއަތުގެ ތެރޭ ރުހައިލު މޫނު ފޮރުވާލިއެވެ. އެހެން ހުއްޓާ ފަހަތުން ބުރަކަށީގައި މީހަކު އަތްޖައްސާލުމާއެކު އަވަސްއަވަހަށް ދެ ލޯ ފުހެލަމުން ރުހައިލު އެނބުރި ބަލާލިއެވެ.
ފެންކަޅިވެފައި ހުރި ފަޒަލް ފެނުމުން އެއްވެސް އިޚްތިޔާރަކާ ނުލާ އޭނާގެ ގައިގާ ރުހައިލަށް އޮޅުލައިގަނެވިއްޖެއެވެ. އޭނާގެ ބޮޑުހަށިގަނޑު ހިފަހައްޓަން ރުހައިލު މަސައްކަތްކުރިއެވެ.
“ނައިރާ އެ ދިޔައީ އަހަންނާ ހެދި…. އަހަރެން އޭނާގެ ހިތުގައި ޖެއްސީ… ފަޒަލް، އަހަރެން ނައިރާގެ ހިތުގައި ޖެއްސީ، އެހެންވެ އޭނާ އަހަރުމެންނާ ވަކިވެގެން އެ ދިޔައީ… އަހަރެން… އަހަރެން ކިހިނެއް ނައިރާއާ ނުލާ އެ ދަރިފުޅު ބަލާނީ، އަހަރެން ކަންތައްކުރި ގޮތުގެ ބަދަލު ހިފަން ނައިރާ ޚިޔާރު އެކުރީ…”
“ރުހައިލު، ހަމަޖެހިބަލަ… ނައިރާ ވެސް ގަސްދުގައި މަރެއްނުވާނެ، އޭނާއަކީ އެއަށްވުރެ ވިސްނޭ ކުއްޖެއް، އެހެންވީމަ ނައިރާގެ ފުރާނައަށް ބުރަކަމެއް ލިބިދާނެ އެއްޗެއް ދުލުން ބޭރުނުކުރޭ… އެ ދަރިފުޅަށްޓަކައި ނައިރާ ވަރަށް ފޮނި އުންމީދުތަކެއްކުރި، އެހެންވީރު އެ ދަރިފުޅު ދޫކޮށްލާފައި އޭނާ ނުދާނެ، މި ހުރިހާ ވެސް ކަމަކީ ތަޤްދީރުގެ ނިޔާ، ރުހައިލު ތިހާ ބަލިކަށިވެއްޖެނަމަ މަންމަމެންނަށް ވާނީ ކިހިނެއް….”
ފަޒަލްގެ ވާހަކަތަކުން ރުހައިލު ޝަކުވާކުރުން ހުއްޓާލިއެވެ. އެހެންނަމަވެސް ރުއިން ހުއްޓާލެވުނީ ވަރަށް އިރުންނެވެ. ފަޒަލްގެ ހިތްވަރުން ކޮޓަރިއަށް ގޮސް މޫނު ދޮވެލާ އެއްޗެހި ބަދަލުކޮށްލައިގެން ރުހައިލު ބޮޑުކޮޓަރިއަށް އެނބުރި އައެވެ. އެންމެންގެ ކުރިމަތީގައި އޭނާއަކީ ވަރަށް ހިތްވަރު ގަދަ މީހަކަށް ވާން ޖެހޭކަން ދަނެ ހުރެއެވެ.
އެއްފަރާތުގައި ހުރި ދިގު ސޯފާގައި ޒާހިރުގެ ގައިގާ ލައްވެލައިގެން މަރިޔަމް އިނެވެ. މަރިޔަމްގެ އެއްފަރާތުގައި ޒާހިރު އިން އިރު އަނެއްފަރާތުގައި އިސްޖަހާލައިގެން ދެ ފައިގައި އުޅަންބޮށި އަޅުވާލައިގެން އިކްރާމް އިނެވެ. އަރިމަތީ ދެން ހުރި ދިގު ސޯފާގައި ޝާރުދާ އާއި މަލީކުގެ އިތުރުން ޝުޢައިބު އާއި މެހެނާޒު ތިއްބެވެ. ޝާރުދާގެ އަތުގެ ތެރޭ ނައިރާއަށް ލިބުނު ދަރިފުޅު ނިދާލާފައި އޮތެވެ. ރުހައިލު އައިސް މަރިޔަމްގެ ކުރިމަތީ ހުއްޓުނެވެ.
“މަންމާ، ނައިރާ އެންމެ ފަހުވަގުތު ވެސް ފެނުނީ ހިނިތުންވެލައިގެން އޮތްތަން، އޭނާއަށް ހަމަޖެހުމެއްނުލިބޭނެ އަޅުގަނޑުމެން ރޮއެ ހިތާމަ ކުރާނަމަ، އަޅުގަނޑު ވެސް ކެތްތެރިވާނަން، މަންމަ ވެސް ކެތްތެރިވެ ލައްވާ…”
ޒާހިރުގެ ކޮނޑުން ބޯ ހިއްލާލި މަރިޔަމް ދެ ކޯތާފަތާއެކު ލޯ ފުހެލަމުން އޭނާގެ ކުރިމަތީ ކުޑަކަކޫ ޖަހާލައިގެން ހުރި ރުހައިލުގެ މޫނުގައި ދެއަތުން ހިފާލިއެވެ. އަދި ހިނިތުންވެލަން މަސައްކަތް ކުރަމުން ބޯޖަހާލާފައި ރުހައިލުގެ ނިތްކުރީގައި ބޮސްދިނެވެ. އަދި ލޯތްބާއެކު ބޮލުގައި ފިރުމާލިއެވެ.
މަޑުމަޑުން އެންމެން ވެސް ހަމައަކަށް އެޅި ގޭތެރެ ފަޅުވާން ފެށިއެވެ. މަރިޔަމް އާއި ޒާހިރުމެން ވެސް އެނބުރި ގެއަށް ދިއުމަށް ނިކުތެވެ. އެއާއެކު ގެއަށް ދިއުމުގެ ކުރިން ނައިރާ މި ދުނިޔެއަށް ދޫކޮށްފައިދިޔަ ހަނދާނަށް ފުންކޮށް ބަލާލިއެވެ. އެ ލޯބި ލޯބި މޫނުގައި ބޮސްދީފައި ޝާރުދާ އާއި ވަކިވުމުގެ ސަލާމް ކުރިއެވެ. މަރިޔަމް އޭނާއާއެކު އެ ކުޑަކުއްޖާ ގެންދަން ބޭނުންވިޔަސް ރުހައިލަށްޓަކައި އޭނާގެ އަމިއްލަ ނަފްސު ހުއްޓުވީއެވެ. ދަރިފުޅުގެ މަންމަ ވަކިއިރު އެ ދަރިފުޅުގެ ބައްޕައާ ވަކިކުރަން މަރިޔަމް ބޭނުންނުވީއެވެ. ރުހައިލަށް ވެސް ދިރިއުޅުމާއިގެން ކުރިއަށް ދިއުމަށް އެންމެ ބޮޑު ހިތްވަރެއް ލިބޭނީ އެ ދަރިފުޅުގެ ފަރާތުން ކަމަށް ވާތީއެވެ.
ކޮޓަރީގައި ދަރިފުޅު އަތަށް ލައިގެން ރުހައިލު އިންއިރު އޭނާގެ ނަޒަރު އެ ކުއްޖާއާ ވަތްކެއްނުވެއެވެ. އެ ދަރިފުޅު އޭނާ ބަލާނެ ގޮތަކާމެދު ވިސްނަމުން ދިޔައެވެ. އެކަމާ ވިސްނި ވަރަކަށް ނައިރާގެ ޚިޔާލުތައް ސިކުނޑިއަށް ގިނަވަމުން ނާރުތަކަށް ވާންކުރަމުން ދިޔައެވެ. ދަރިފުޅު މޭގައި ޖައްސާލަމުން ރުހައިލު އެނދުގައި ހަށިގަނޑު ދަމާލިއެވެ. އެއްއަތުން މޭމަތީ ނިދިފައި އޮތް ދަރިފުޅުގެ ގައިގާ ހިފަހައްޓާލައިގެން އޮތްއިރު އަނެއްއަތްވަނީ ނިތްކުރީގައި ބާއްވާލާ އޭނާގެ ދެ ލޯ ވެސް ފޮރުވާލާފައެވެ. ތިރީތުންފަތުގައި ދަތްއަޅާލި ގޮތަށް ނިތްކުރިއަށް ރޫޖެހިލިއެވެ. ކޮންމެ ގޮތަކަށް ކަންތައް ދިމާވި ކަމުގައި ވިޔަސް ރުހައިލު ހުރީ ފަހަތަށް ޖެހޭ ގޮތަކަށް ނޫނެވެ.
* * * *
3 އަހަރު ފަސް.
* * * *
ސޯފާގައި އިން ޙައިދަރު އަތުރުކުރީ އޮތް ގަޑިއަށް ބަލާލިއެވެ. އެއާއެކު އެ ތަނުގައި އިން ލުތުފީ ލުއިގޮތަކަށް ހީނލިއެވެ. އާތިޤާ ދެ ފަރާތަށް ބޯހޫރާލީ ޙައިދަރަށް ބަލަން އިނދެއެވެ.
“ދޮންބޭބެއަށް ހަމަ ސާބަސް، އަހަރުމެން އަރުފީނަކީ މިހާރު ކުޑަކުއްޖެއްނޫނޭ ދިހައެއްޖަހާއިރަށް ގެއަށް ވަންނަން، ނުލާހިކު މުހިއްމު ބައްދަލުވުމެކޭ ކިޔާފައި އެ ދިޔައީ، އޭނަ ނިމޭ އިރަށް އުނައިސްއަށް ގުޅާނެ…”
“ދަރިން ބޮޑެއްޗެއް ނުވާނެ، ޚާއްޞަކޮށް އަންހެންދަރިން ރޭގަނޑު ލަސްވަންދެން ބޭރުގައި އުޅުމަކީ ލޮލުފިޔަ ޖެހޭނޭކަމެއްނޫން، އުނައިސް…. އަރުފީނު ނުގުޅާތަ އަދިވެސް” އުޒައިރުގެ ސައިންސް ޕްރޮޖެކްޓުގައި އެހީތެރިވާން އިން އުނައިސްއަށް ބަލާލަމުން ޙައިދަރު ބުނެލިއެވެ.
“މަޤާމް މަތިވިވަރަކަށް ޒިންމާ ވެސް ބޮޑުވާނެއެއްނު” ޢާތިޤާ ވާހަކަދެއްކީ އަރުފީނަށް ތަޢުރީފުކޮށެވެ.
“މަންމާ، އަރުފީނު ދައްތަ އަޅުގަނޑުމެންގެ ސްކޫލަށް ދާނެތަ؟” އަރުފީނުގެ ވާހަކަކަން ދައްކަނީ އެނގޭތީވެ އުޒައިރު އަހާލިއެވެ.
“އެޑިއުކޭޝަންގެ ފަރާތުންދަންޏާ ދާނެއެއްނު”
“އަހަންނަކަށް ހިޔެނެއްނުވޭ އަރުފީނު އެ ވަޒީފާއާމެދު ހިތްހަމަޖެހޭ ހެނެއް” ޙައިދަރު އިނދެފައި ވާހަކަދެއްކިއެވެ.
“އާތިގާ، އަރުފީނާ ވާހަކަދައްކަބަލަ، އެއްފަހަރާ އެތައް ތަނެއްގައި މަސައްކަތްކުރަމުން އެ ދަނީ ވަރުބަލިކަމެއްނެތި، ދުވާލުގެ ހަތަރުދަމު އެކަމުގައި، ރޭގަނޑުގެ ގިނަ ވަގުތު ހޭދަކުރަނީ މަސައްކަތުގައި… އެވެސް އިންސާނެއް، އެހާ ޅައުމުރުގައި އެހާ ބުރަކޮށް އުޅުމުގެ ބޭނުމެއްނެތް، އަހަރުމެން ވެސް އަދި އިރާދަކުރެއްވިއްޔާ ދުނިޔޭގައި އެބަތިބީމު” ލުތުފީ އިސްވެ ވާހަކަދެއްކިއެވެ. އެކަމާ ޙައިދަރު ވެސް އެއްބަސްވިއެވެ.
“ކީއްކުރާނީ، އެދަރި ބޭނުންވަނީ މަސައްކަތުގައި ބުރަކޮށްއުޅެން، ބުނި މިހާރު އެ ކިޔަވާ ކޯހުގެ މަސައްކަތެއް ކުރެވޭނީ އެގޮތަށް ގިނަ ތަންތަނުގައި މަސައްކަތްކޮށް ތަޖުރިބާ ލިބިގެންކަމަށް، އެހެންނޫނަސް މީހުންނަށް އެހީވުމުގައި އެއުޅެނީ، އެހެންވެ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބޭ”
“ދައްތާ، މީގެ ތިންމަސްފަހުން އަރުފީގެ މަސައްކަތްތައް ނިންމާލެވުނީމަ ނަމުގެ ކުރިއަށް ޑޮކްޓަރު ޖަހާލާނެ” އެންމެންގެ ވާހަކައިގައި ބައިވެރިނުވެ އުނައިސްއަކަށް ވެސް ނީނދެވުނެވެ.
އެންމެން އަރުފީނުގެ ވާހަކަގައި ތިއްބާ އުނައިސް އަވަސްއަވަހަށް ތެދުވީ ފޯނު ރިންގުވާންފެށުމުންނެވެ. އެއާއެކު ކަންފަތުގައި ފޯނު ޖައްސާލަމުން ވާހަކަދައްކަންފެށިއެވެ. ފޯނުކޯލު ނިމުމާއެކު އޭނާ ބަލާލީ ބޮޑުކޮޓަރީގެ ސޯފާގައި ތިބި އެންމެންނަށެވެ.
“އަރުފީނު ގުޅީތަ؟” ޙައިދަރު ވަގުތުން އަހާލިއެވެ.
“ލައްބަ، އަޅުގަނޑު މިދަނީ އަރުފީ ބަލާ…” ހިނިއައިސްފައި ހުރެ އުނައިސް ބުނެލިއެވެ.
ކާރުގައި އައިސް މާލޭގެ އިންޓަރނޭޝަނަލް ސުކޫލުތަކުން ސުކޫލެއްގެ ދޮރުމައްޗަށް އުނައިސް މަޑުކޮށްލިއެވެ. އެއާއެކު އެތެރެއިން ދުވެލާފައި އައިސް ކާރުގެ ކުރީ ދޮރުފަތް ހުޅުވާލަމުން އަރުފީނު އަރާ އިށީނެވެ.
“މިއަދު އެނގިއްޖެ ޓީޗަރުން އަދިވެސް ކުދިންނާމެދު އެވެއަރ ވާންޖެހޭ ވަރަށް އެވެއަރނުވާކަން” އުނގުގައި އަރުފީނު ގެންގުޅުނު ބޮޑު ދަބަސް ހަމަޖައްސާލުމާއެކު އަތުގައި ހުރި ބައެއްކަރުދާސްތަކާއި ފައިލްތައް ފަހަތު ސީޓުމައްޗަށް ލިއެވެ.
“އަރުފީގެ ކަންފަތެއް މިރޭ ނުހިރުވާތަ؟”
އެކީއްވެ އަހަރެންގެ ކަންފަތް ކަހަންވީ؟” އުނައިސްގެ ސުވާލަށް އަރުފީނު ވެސް ކުރީ ސުވާލެކެވެ.
“ގޭގެ ސުޕަރސްޓާރަކީ މިހަރު ތީ، އެންމެން ދައްކަނީ އަރުފީ މާބުރަކޮށް އުޅެނިއްޔޭ”
“އައި ލަވް މައި ވޯކް، މީ އަހަރެން ބޭނުންވާގޮތް، ބައިވަރު ހުސްވަގުތަކެއް ހޯދަނީ ކީއްކުރަން” ދޮރުފަތުގެ ބިއްލޫރިގަނޑުން ބޭރަށް ބަލަހައްޓައިގެން އިނދެ އަރުފީނު ބުނެލިއެވެ.
“އެހެންމީހަކަށް ނޭނގުނަސް އަހަންނަށް އެނގޭ ކީއްވެކަން، ކިތައް އަހަރު އަރުފީއާއެކު ހޭދަވެގެން މިދިޔައީ، ޔޫ އަރ ސްޓްރޯންގ ނައު… އެކަމަކު އެ ހަނދާންތަކާ ދުރަށްދާހާ ސްޓްރޯންގެއެއް ނޫން، މަސައްކަތުގައި ބުރަކޮށް އުޅޭމީހުން އެހެން އުޅެންޖެހޭ ސަބަބުތައް ހުންނާނެ، އަރުފީ ކިޔެވިއިރު އަހަންނަށް ވެސް ބައެއްކަންތައްތައް ދިޔައީ ރޯފިލަމުންނޭ، ފައިސާގެ ބޭނުމުގައެއްނޫންކަން އަހަންނަށް ޔަޤީންވޭ އަރުފީ ތިހާ ބުރަކޮށް ތިއުޅެނީ… ބޭނުންވަނީ ސިކުނޑިއަށް އިތުރުކަމަކާ ނުވިސްނޭހާ ވަރުބަލިކޮށްލަން، އެއީ އަރުފީގެ ހައްލަކީ…”
“ޔޫ އަރ މައި ބްރަދަރ… ޔޫ ނޯސް އެވްރިތިންގް، މާޒީ ހަނދާންކުރާކަށް އެކަކު ވެސް ބޭނުމެއްނުވާނެ، އެކަމަކު އެ މާޒީ ދިނީ ދުވަހަކު ވެސް ފަސޭހަނުވާނޭ ޒަހަމްއެއް، އަބަދުއަބަދު އެ ޒަހަމް އާވެއާވެ ހުންނަނަމަ މާޒީއަށް ވާނެތަ؟”
“އަރުފީ ގާތު ބުނެފިން އަމިއްލައަށް ތިކަމަށް ހައްލެއް ގެންނަންށޭ ޖެހޭނީ، ޔޫ ހޭވް ޓު މޫވް އޮން… އަރުފީގެ އިންތިޒާރުގައި ހުރި މީހަކު މިހާރުނެތްކަން އެނގޭއިރު އަދިވެސް ތިހެން އުޅެންތަ ގަސްދުތިކުރަނީ، އަހަރެން ހީކުރީ އަރުފީ ކިޔެވި އެއްޗެހިން ތިމާ މީހާއަށް ފައިދާއެއް ކުރާނެކަމަށް، އެކަމަކު އަރުފީ ތިއުޅެނީ އަމިއްލަ ދިރިއުޅުމާއިގެން ކުރިއަށް ނުގޮސް އެހެންމީހުންނަށް މަގުދައްކާ ދިނުމުގައި… ދެޓްސް ނޮޓް ފެއަރ…”
“އަހަރުމެން ދެމީހުން ބައްދަލުވެއްޖެއްޔާ އަބަދު ދެއްކޭނީ މިކަހަލަ ވާހަކައެއް، އިހަށް ހުއްޓަންވީ މިކަން… ދެން މީގެ ފަހުން މިކަމާ ގުޅޭގޮތުން އެއްވެސް ވާހަކައެއް ދެމީހުން ވެސް ނުދައްކާނީ، ވަރަށް ކޮފީއެއް ބޯލަން ބޭނުންވެފައި މިހިރީ…”
އަރުފީނުގެ އެދުމަށް އުނައިސް ގެއަށް ދިއުމުގެ ބަދަލުގައި އޭނާ ގޮވައިގެން މާލޭގެ ނަން މަޝްހޫރުކެފޭއަކަށް ވަނީ އަރުފީނަށް ކޮފީއެއް ދިނުމަށެވެ. ޚާއްޞަކޮށް ރޭގަނޑުގެ ވަގުތުތަކުގައި ފުރި ބާރުވެފައި އޮންނަ އެ ކެފޭއިން މޭޒެއް ލިބުނީ އިރުކޮޅަކު މަޑުކޮށްލި ފަހުންނެވެ. އެހެންނަމަވެސް އެތަނުން ނޫނީ ކޮފީ ބޯކަށް އަރުފީނު ބޭނުމެއްނުވިއެވެ. ހުރިހާ ގޮތަކުން ފެންނަނީ ޒިންމާދާރު އަންހެނެއްގެ ގޮތުގައި ވިޔަސް އަދިވެސް އަރުފީނުގެ ޅައިރުގައި ހުރިގޮތްދޫނުކުރުމުގެ ގޮތެއް ހުރެއެވެ.
ކޮފީޝޮޕުން ނިކުން ރުހައިލު އާއި ފަރުހާން އައިސް އެރީ ރުހައިލުގެ ކާރަށެވެ. ފުރަތަމަ ވެސް ރުހައިލު ގޮސް މަޑުކޮށްލީ ފަރުހާނުމެންގެ ގޭ ދޮށަށެވެ.
“އޯކޭ…. މާދަން އޮފީހުން ބައްދަލުވާނެއެއްނު” ކާރުން ނިކުން ފަރުހާނަށް ކާރުގެ ތިރިކޮށްލާފައި ހުރި ބިއްލޫރިގަނޑުން ބޯއަރިކޮށް ބަލާލި ރުހައިލު ބުނެލިއެވެ. އެއާއެކު ލުއިހިނިތުންވުމެއް ބަދަލުކޮށްލަމުން ފަރުހާނު ބޯޖަހާލިއެވެ.
ރުހައިލު ގެއަށް އައިސް އޭނާގެ ކޮޓަރިއާ ދިމާއަށް ހިނގައިގަތް އިރު ދަރިފުޅުގެ ކޮޓަރިން އަލިފެންނަން ހުރުމުން ކައިރިވެލިއެވެ. ކުޑަކޮށް ހުޅުވިފައި ހުރި ދޮރު އެއްއަތުން ކޮށްޕާލަމުން އޭނާ އެތެރެއަށް ވަން އިރު ޝާރުދާ އެނދުގައި އިށީނދެލައިގެން އިނެވެ.
“ދަރިފުޅު ތިއައީތަ؟ ޔަލާ ނިދާފައި އޮވެފައި ހޭލައިގެން މިއުޅެނީ، ޑެޑީ ހޯދަންވެގެން ތި ކޮޓަރިއަށް ގޮސް ނެތީމަ މަންމަމެން ކޮޓަރީގައި ޓަކި ޖަހަނިކޮށް ހޭލެވުނީ” ޝާރުދާ އޮޅުން ފިލުވައިދިނެވެ.
“އާދޭ ދަރިފުޅު، ޑެޑީއުރާލަނިކޮށް ނިދިދާނެ…. މަންމަ ދޭ ނިދަން، އަޅުގަނޑު ޔަލާ ނިދަންދެން މިތާ އިނދެދާނަން” ޝާރުދާ ބޯޖަހާލަމުން ތެދުވެގެން ކޮޓަރިން ނިކުންނަން ހިނގައިގަތެވެ.
“އެމަންޖެ ނިދީތަ؟” ކޮޓަރިއަށް އައިސް ވަން ޝާރުދާ ފެނުމާއެކު މަލީކު އަހާލިއެވެ.
“ނޫން އަދި ނުނިދާ، އެކަމަކު ރުހައިލު ގެއަށް އަތުވެއްޖެ”
“ރުހައިލު އައީމަ ޝާރުދާ ތިއައީތަ؟”
“އެ ސޮރު ބުނިއްޔާ ދާށޭ، އެހެންނޫނަސް އަހަރެން މިހުންނަނީ ނުލާހިކު ކަންތައްބޮޑުވެފައި”
“ކޮންކަމަކާ؟”
“މަލީކަކަށް ނޭނގޭނެ، އަހަރެން އަބަދު ގޭގައި އިންނަ މީހާއަށް ދޯ އެނގޭނީ، ޔަލާ އެކަނިމާ އެކަނި ހުރެ ބޮޑުވަނީ، މިލާންގެ ސޮރު އެހާ ހަލަނި، އޭނާއަށް ވީވަރަކުން ޔަލާ ފަހަތުލައިގެން އުޅޭ، އެކަމަކު އޭނާއަކަށް ވެސް ނުބެލޭނެ ދޯ… އަނެއްކޮޅުން ރުހައިލު ވެސް ޔަލާއާ އެހާ ދުރު، އަބަދު އޮފީހުގައި އުޅެނީ، ގޭގައި ހޭދަވާ ވަގުތުކޮޅު އެހާ މަދު އިރު ޔަލާއަށް ދެވޭނީ ކޮންވަގުތެއް، ޔަލާ ވެސް އެހާ އަނގަގަދަ… އެހެންތާ ވާނީ މިހާރު ބަސްބަސް އެނގިގެން އެހާ ވާހަކަ ދައްކާލާ ވިއްޔާ، އެކުއްޖާއަށް ރަނގަޅަށް އަކުރު ނުކިޔޭތީ ވެސް ރުހައިލު ގާތު ބުނުމުން އެކަން މާބޮޑުކަމަކަށް ނުހަދާ އެހުންނަނީ، އަހަރެން އެއްޗެއް ބުންޏަސް ޔަލާ އަޑެއް ނާހާ…. އެ މަންޖެ ފަހަތުން ދުވާލު ހަތަރު ދުވާ ވަރަށްވުރެ އަހަރެންގެ އުމުރު މައްޗަށް ގޮސްފި، އަހަންނަކަށް ނޭނގެ ދެން ހަދާނެގޮތެއް…”
“ރުހައިލު ވެސް ވިސްނާނެ އެމަންޖެއާ މެދު، ޝާރުދާ ތިހާ ވަރަށް ސިކުނޑި ހާސްކުރުވަން ނުހަދާ”
“އަހަންނަށް ހީވަނީ ޔަލާ ބަލަން ކުއްޖަކު ގެންނަންވީހެން”
“ތީ ރަނގަޅު ޚިޔާލެއް، މާދަމާ އޮފީހަށް ގޮސް އެޖެންސީއަށް ގުޅާލާނަން”
“ބިދޭސީއެއް ބޭނުމެއްނޫން، އަހަރެން މި ވިސްނަނީ ރަނގަޅު ދިވެހިކުއްޖަކު ގެންނަން ކަމަށް، ޔަލާއަށް އަންނަ އަހަރު ހަތަރު އަހަރު ފުރޭނެ، އެކަމަކު އަދިވެސް އެކުއްޖާއަށް ނޭނގޭ އެކައްޗެއް ވެސް، ސުކޫލުން އާންޓީ ވެސް ދައްކަނީ ޔަލާއަށް ރަނގަޅަށް އަކުރު ނުކިޔޭ ވާހަކަ، ކިޔަވަން އެއްގޮތަކަށް ވެސް ޝައުގުވެރިކަމެއް ނުހުރޭ…”
“އަދި ކުޑަވީމައޭ އެހެން އެ އުޅެނީ، ބޮޑުވާ ވަރަކަށް ރަނގަޅުވާނެ”
“މިހާރު ވެސް އެ ކުއްޖާއާ މެދު ވިސްނަންވެއްޖެ”
“ޝާރުދާއަށް ފެންނަ ގޮތެއް ހަދާ، އަހަރެން ދުވަހަކު ވެސް ޝާރުދާގެ ނިންމުމާ ޚިލާފެއްނުވަން، އަހަންނަށް އެނގޭ ވަރަށް ވިސްނާފައި އެންމެ ރަނގަޅު ގޮތަށްކަން ޝާރުދާ ނިންމާނީ”
“ދެން ހިނގާ ނިދަމާ، ހެނދުނު ހެނދުނާ ހޭލައިގެން އަންނާނެ މާމާ މާމާ ގޮވަމުން މި ދޮރު ވައްޓާލަން”
ޝާރުދާ އާއި މަލީކާ ދެމީހުން އެއްކޮށް ހީނގަތެވެ. އަދި އެނދުގެ ރަޖާގަނޑު ރަނގަޅު ކޮށްލަމުން ނިދުމަށް ހަށިގަނޑު ހަމަޖައްސާލިއެވެ.
ޔަލާގެ އެނދުގައި އޮށޯވެލައިގެން އޮތް ރުހައިލަށް ވެސް ދަރިފުޅާއެކު ނިދުނީއެވެ. ނިތްކުރީގައި އެއްއަތް ބާއްވާލައިގެން ރުހައިލު އޮތް އިރު އަނެއްއަތްމަތީ ޔަލާ ބޯއަޅާލައިގެން ރުހައިލުގެ މޭމައްޗަށް އަތްވައްޓާލައިގެން ނިދާފައި އޮތެވެ. ޔަލާގެ އެއަތުގައި އޮތް ކުޑަ މިނިއަން ބާލީހުގެ ކަނުގައި ހިފާލިގޮތަށް އޭތި އޮތީ ރުހައިލުގެ އަރިކައްޓާ ދިމާއަށް އެލިފައެވެ. ގިނަ ރޭ ރޭ ޔަލާ ހޭލައިފިނަމަ ނިދާނީ ރުހައިލުގެ ގާތުގައި އޮވެއެވެ. ނޫނީ ޔަލާއަށް ހޭލެވިއްޖެނަމަ ދުވެފައި އަންނާނީ ރުހައިލުގެ ކޮޓަރިއަށެވެ. ބައެއް ރޭރޭ ރުހައިލަށް ހޭލެވޭއިރު ވެސް ޔަލާ އަރާ އޭނާގެ ގާތުގައި ބޮޑު އެނދުގައި ނިދާފައި އޮވެއެވެ. ދަރިފުޅުގެ އުޅުމާމެދު ރުހައިލު އެއްވެސް އިރަކު އެއްޗެއް ނުބުނެއެވެ.
ނައިރާ ވަކިވެ ދިއުމަށްފަހު ރުހައިލުގެ ދިރިއުޅުމަށް ވަނީ ހިމޭންކަމެއް ވެރިވެފައެވެ. އަމިއްލަ ދިރިއުޅުމުގެ އެއްވެސް ކަމެއް އެކަކާ ވެސް އޭނާ ޚިއްޞާއެއް ނުކުރެއެވެ. ފަޒަލްއާ އޮތް ގުޅުން ވެސް މަޑުމަޑުން އައީ ހީނަރުވަމުންނެވެ. ހުރިހާ ވަގުތެއްހެން ރުހައިލު ބެލީ މަސައްކަތުގައި އުޅެވޭތޯއެވެ. އަންހެން ދަރިފުޅު ބައްޕައަށް ބޭނުންވާނެ ކަމަކަށް ރުހައިލަކަށް ނުވިސްނެއެވެ. އޭނާ ހީކޮށްގެން ހުންނަނީ ގޭތެރެއިން ޝާރުދާ އާއި މިލާންގެ ފަރާތުން އަންހެން ދަރިފުޅަށް ލިބެންޖެހޭ ހުރިހާ ތަރުބިއްޔަތެއް ލިބެމުން ދާނެކަމުގައެވެ. ދަރިންބެލުމުގެ އެއްވެސް ތަޖުރިބާއެއް ނެތުމާއެކު އެކަމަށް ރުހައިލުގެ ސަމާލުކަން ވެސް ކުޑަވެފައި ވަނީ ހަޔާތުގައި ބައިވެރިއެއް ނެތުމުންކަމަށް ވުން ގާތެވެ. އިތުރު ކައިވެންޏެއް ކުރުމަށް ޝާރުދާ ބާރު އެޅި ނަމަވެސް ރުހައިލު ފާޅުގައި އިންކާރު ކުރެއެވެ. އޭނާގެ ދިރިއުޅުމަށް އެކަކު ވެސް ބަސްކިޔާކަށް ރުހައިލު ބޭނުން ނުވާ ކަހަލައެވެ. އެހެންނަމަވެސް ޝާރުދާ ވެސް ހީވަނީ ދޫނުކުރަން ހުންނަ ހެންނެވެ. ދަރިފުޅުގެ އާނބަސް ލިބެން ދެން ކައިވެނީގެ ވާހަކަ ދައްކަން ޝާރުދާ ނިންމައިގެން އިން ފަދައެވެ. އެކަމާ މިފަހަރު އެއްޗެއް ނުބުނެ ހުރީ މަލީކުއެވެ. މަލީކުއާ ވާހަކަ ދައްކަނީ ކޮންމެހެން ބުނަން ޖެހޭ ވާހަކައެއް އޮވެއްޖެނަމައެވެ. ވީ ކުޑަ ދުވަސްކޮޅުގެ ތެރޭގައި ރުހައިލު މުޅިން ބަދަލުވެއްޖެއެވެ. މަލީކުއާ އެއްވިޔަފާރިއެއް ކުރުމުގެ ބަދަލުގައި ރުހައިލު އޭނާގެ އަމިއްލަ މަސައްކަތެއް ފެށިއެވެ. ކައިވެންޏަށް މަޖުބޫރު ކުރަނިކޮށް ދަރިފުޅު ގެއްލި ދާނެހެން ހީވާތީ މަލީކު ހުރީ ވަރަށް ބޮޑަށް ޖެހިލުންވެފައެވެ. އެހެންވެ ރުހައިލު ރުހޭ ގޮތަށް ހުރިހާ ކަމެއް ކުރުމުގެ އިޒުނަ މަލީކު އާއި ދެމުންނެވެ.
* * * *
ދުވަސްފެށިގެން އައީ ކާމެޒުދޮށުންނެވެ. އޮފީހަށް ދިއުމަށްޓަކައި ރުހައިލު އާއި މަލީކު ސައިބޯން ތިބިއިރު އެތަނުގައި ކުޑަކުޑަ ޔަލާ އާއި ޝާރުދާ ވެސް އިނެވެ.
“ބްރަޝްނުކޮށް ކާކުދިންގެ ޓީތްއަށް ވާގޮތް އެނގޭތަ؟” ނިދާ ހެދުމުގައި އައިސް ކިރުތަށި ތުނބުގައި ޖަހާލައިގެން އިން ޔަލާއަށް ރުހައިލު ބުނެލިއެވެ.
“އެ ކިރުތަށި ތުނބުން ނެއްޓުނު އިރަކުން އެ އަނގައިން އަޑެއް ވެސް ދެން ނިކުންނާނީ”
ޝާރުދާ މިހެން ބުނުމުން ރުހައިލު އާއި މަލީކު ވެސް ހީނލިއެވެ. ފުރުޞަތުގެ ބޭނުން ހިފާ ޝާރުދާ އަވަހަށް ރުހައިލުގެ ޚިޔާލެއް ހޯދަން އުޅުނެވެ. ޔަލާ ބަލަން ދިވެހި ކުއްޖަކު ގެއަށް ގެނައުމަށެވެ.
“މަންމާ! ޔަލާ ބަލަންށޭ ކިޔާފައި މީހަކު ގެންނާނެކަމެއްނެތް، އެހެންނޫނަސް ދިވެހިކުއްޖަކު ގެންނާނެކަމެއްނެތް”
“އެއްކަމަކަށް ވެސް އެއްބަހެއްނުވާނެ، މި ކުއްޖާގެ ވެސް އެހުންނަނީ ރުހައިލުގެ ގޮތްގަނޑު” ރުހައިލު އެއްބަސް ނުވުމުން ޝާރުދާ ހިތްހަމަނުޖެހޭގޮތް ދައްކާލިއެވެ.
“މާމާ… ޑެޑީ ކާ ފުލުތުދީބާ…” ކިރުތަށި ހުސްކޮށްލާފައި މޭޒުމަތީ ބަހައްޓަމުން ޔަލާ ބުނެލިއެވެ.
“ދަރިފުޅާ، ޔަލާ ބަލަން މީހަކު ގެންނަން ބޭނުންނުވަންޏާ ދަރިފުޅުވެއްޖެއެއްނު އެކުއްޖާއާއެކު ތަންކޮޅެއް ގިނަ ވަގުތު ހޭދަކުރަން، އެކުއްޖާއަށް އަކުރެއް އަންގައިދޭން ވެސް ދަރިފުޅު ނޫޅޭ”
ރުހައިލު ކާން އިން ދޮންކެޔޮވަކުން އެތިކޮޅެއް ނައްޓާލާފައި އޭނާ ޔަލާގެ އަނގައަށް ލަވައިދިނެވެ. އަދި ޝާރުދާގެ ވާހަކައަށް އެއްޗެއް ބުނެލާފައި އަވަސްކޮށްލައިގެން މޭޒުދޮށުން ތެދުވެގެން ދިޔައެވެ. ދެން އިވުނީ އާދައިގެ މަތީން އޮފީހަށް ނިކުމެގެން ދަމުން ޔަލާއަށް ގޮވާލާ އުސޫލުން ގޮވާލިއަޑެވެ. އެއާއެކު ކާމޭޒު ދޮށުގައި އިނދެފައި ގޮނޑިން ފުންމާލައިގެން ދުވެފައި ޔަލާ އައިސް އޭނާގެ އިސްކޮޅާ ހަމައަށް ތިރިވެލައިގެން އިން ރުހައިލުގެ ގައިގާ ބައްދާލިއެވެ.
“މާމަގެ ބަސްއަހައްޗޭ، މިއްމި މަންމައަށް އުނދަގޫނުކުރާތި އިނގޭ، ޒައިކްބެއާ ވެސް ފައިޓް ނުކުރާތި، ގާލް ކުދިން ފައިޓްއެއް ނުކުރާނެ… ތީ ޑެޑީގެ ޕްރިންސެސްއެއްނު ދޯ..”
ރުހައިލު ދެއްކި ހުރިހާ ވާހަކައަކަށް ޔަލާ ބޯޖަހަމުން ދިޔައެވެ. ދަރިފުޅާ ވަކިވުމުގެ ކުރިން އެންމެ ފަހު ފަހަރަށް އެ ދަރިފުޅުގެ ގައިގާ ބައްދާލާފައި ނިތްކުރީގައި ބޮސްދިނެވެ.
“ލަވް ޔޫ ދެދީ…” ބޮޑުދޮރުން ރުހައިލު ނިކުތުމުން ދޮރުން ބޭރަށް ބޯއެކަނި ދިއްކޮށްލައިގެން އަރިއަކަށް އޮތް ޔަލާ ބުނެލިއެވެ. ރުހައިލު އެއްއަތުން “ޓާޓާ” ކިޔާލުމުން ދުވެފައި އެތެރެއަށް ވަދެގެން އައެވެ.
ހެނދުނު ދިހައެއް ޖެހިއިރު ގޯތީގައި އިންދާފައި އޮތް މާގަސްތަކަށް ފެންދޭ ޝާރުދާ އުޅެއެވެ. ހޮޅިން ފެންޖަހަން ޔަލާ ނިކަން ވަރު ހުންނާނެއެވެ. އެހެންވެ ޝާރުދާގެ އަތުން ފެންހޮޅި އަތުލައިގެން މުށިގަނޑުތަކަށް ޖަހަން ޔަލާއުޅެއެވެ. އޭނާއަށް އެހީވަމުން ޝާރުދާ ދިޔައެވެ.
“މީ… ލުކް…ލުކް… ޔާއްކޮ ވޯތަރ ކުލަނީ” މިލާން އަންނަތަން ފެނުމާއެކު ޔަލާ އުފަލުން ބުނެލިއެވެ.
“އެހެންތަ؟ ދީބަލަ މިއްމިމަންމަ ވެސް ފެންޖަހާލަން” ޔަލާ ނުދޭނެކަން އެނގިހުރެ މިލާން ބުނެލިއެވެ. ވަގުތުން ޔަލާ ނުދޭން އަޑުގަދަ ކޮށްލިއެވެ. އެއާއެކު ޝާރުދާ އެއްބަސްވެލީ އެކަކު ވެސް ޔަލާ އަތުން ހޮޅި ނާތުލާނެކަމަށެވެ. ހެމުން ހެމުން މިލާން އައިސް އެތަނުގައި ހުރި މޭޒެއްގެ ދޮށުގައި އިށީނެވެ.
“ޒައިކް ބަލާ ދާންތަ ތިއުޅެނީ” މިލާން ރީތިވެލައިގެން އިންތަން ފެނުމުން ޝާރުދާ އަހާލިއެވެ.
މިލާންގެ ދަރިފުޅު ޒައިކްއަށް ހަތަރުއަހަރު ވީއިރު ޔަލާއަށް ތިން އަހަރެވެ. ވީވަރަކުން މިލާން ބަލަނީ ޔަލާއަށް މަންމައެއްގެ ލޯބި ދެވޭތޯއެވެ. އެހެންނަމަވެސް ޒައިކް އާއި ޔަލާއަކީ މިޒާޖުގެ ގޮތުން އެއްގޮތް ދެ ކުދިންނެއް ނޫނެވެ. އެކުގައި ގެންގުޅެން ފަސޭހަކަމަކަށް ނުވަނީ އެހެންވެއެވެ. ޔަލާ ބޭނުންވާއިރަށް އެކުއްޖާގެ ގާތަށް އާދެވޭކަށް މިލާންއަކަށް ނޯވެއެވެ. އެހެންނަމަވެސް ޔަލާގެ ކަންތައްތަކަށް އޭނާ ވަގުތު ހުސްކުރެވޭތޯ މަސައްކަތްކުރެއެވެ.
“މިހާރު ނިމޭގަޑި ކައިރިވަނީނު… މިއަދު ފަޒަލްގެ ކޮންމެވެސް މީޓިންއެއް އޮންނާތީ ބުނީ ޒައިކް ބަލާ ސުކޫލުދޮށަށް ނުދެވޭނެއޭ”
މިލާން މަޑުކޮށްލުމުން އޭނާގެ ގާތުގައި ވެސް ޝާރުދާއަށް ދެއްކުނީ އެއްވާހަކައެކެވެ. ޔަލާގެ ކަންކަން ބަލަހައްޓާ އެކުއްޖާއަށް ބޭނުންވާ ސަމާލުކަން ދޭނޭ މީހަކު ގެއަށް ގެނައުމުގެ ވާހަކައެވެ. ދުރުހިލޭ މީހަކު އައުން މިލާން ވެސް އެހާ ހިތްހަމައެއް ނުޖެހެއެވެ. އެހެންނަމަވެސް ޝާރުދާ ބޭނުންވާގޮތާ ޚިލާފަށް އޭނާ އެއްޗެއް ނުބުނެއެވެ. އޭނާއަށް ޝާރުދާ ބޭނުންވެގެން އުޅެނީ ކޮންކަމެއްކަން އެނގެއެވެ. ޔަލާއަށް ހުރިހާ ވަގުތެއް ހުސްކޮށްލައިގެން ހުރުމަކީ ޚުދު އޭނާއަށް ވެސް ވާނޭކަމެއް ނޫންކަން މިލާންއަށް އެނގެއެވެ. ޝާރުދާގެ ޚިޔާލު ރަނގަޅުކަމުގައި މިލާން އެއްބަސްވީ އެހެންވެއެވެ.
ފާރޫޤު އައިސް ގޮވާލަމުން ކާރު އޮތީ ތައްޔާރަށް ކަމަށް ބުނެލިއެވެ. އެއާއެކު މިލާން ތެދުވެގެން ހިނގައިގަތީ ގޭޓާ ދިމާއަށެވެ. އޭނާއަށް ގެއިން މަގުމައްޗަށް ނުނިކުމެވިގެން އުޅެނިކޮށް ގޭޓުން އެތެރެއަށް ވަންނަން އައި އާސިޔާއާ ބައްދަލުވިއެވެ.
“ފަޒަލްގެ އަންހެނުން ދޯ…”
“ލައްބަ! ދުރުވޭ އެތެރެއަށް، ޝާރުދާ އާންޓީ މާގަސްތަކަށް ފެންދޭން….”
“އެފަރާތުގައި ދޯ…” މިލާންގެ ވާހަކަ ނުނިމެނީސް ހިނިއައިސްފައި ހުރި އާސިޔާ މިހެން ބުނެ އެތެރެއަށް ހިނގައިގަތެވެ. މިލާން ފަސްއެނބުރި އޭނާއަށް ބަލާލާފައި ގޭޓުން ނިކުމެގެން ގޮސް ކާރަށް އެރިއެވެ.
“ޝާރުދާ… މި އައީއޭ…” ޝާރުދާ ފެނުމާއެކު އާސިޔާ ބުނެލިއެވެ.
“އާސިޔާއަށް އަހަރެން ގުޅާލީމާ ނޫނީ އާދެވޭކަމަކަށް ނުވޭ މިހާރު…. ހާދަ ދުރެކޭ ތިކޮށްލަނީ”
“ކަންތައްތައް ހުންނަގޮތުން ނާދެވެނީނު”
“މިހާރު ކުދިން ވެސް ބޮޑެތިވެއްޖެ، ދެން ކޮންކަމެއް ކުރަން އޮންނާނީ…”
“ތިހިރީ ވަރަށް މޫޑުގޯސްވެފައި… ޔަލާ، ކޮއްކޮ އަނެއްކާ މާމައަށް މިއަދު ކީކޮށްގެން ތިއުޅެނީ” އާސިޔާ ހީނލާފައި މިހެން ބުނުމުން ޔަލާއަށް އޭނާ ބުނި އެއްޗެއް އެނގުނު ކަމަކަށް ނުވިއެވެ. އެހެންވެ އާސިޔާއަށް ސަމާލުކަމެއް ނުދީ އޭނާ ކުރަން ހުރި ކަންތައް ކުރުމައިގެން އުޅުނެވެ.
“މި ރުހައިލު ކަންތަކާ ހެދިއެއްނު ބޯގޮވާނީ، އެއްދަރި އެހުންނަނީ މައިންބަފައިން ދުނިޔޭގައި ތިބިތޯ ވެސް ބަލާލަން ހިތައް ނާރާ، އަނެއްދަރީގެ ދިރިއުޅުން މިއޮތީ ހަލާކުވެފައި… މީ އަހަރެން ކުޑަކޮށް ވެސް އުންމީދުކުރިގޮތެއް ނޫން، ރުހައިލު ވަރަށް އެކަނިވެރިކަން އެނގޭ… އެކަމަކު ހިލާ މީހަކާ އިންނާކަށް ޤަބޫލެއްނުވި، މިހިރަ ކުޑަކުއްޖާއަށް އަޅާލެވެނީއެއްނޫން، މިލާން އެކަނި އެކުއްޖާއަށް އެއްޗެއް އަންގައިދޭން އުޅޭ މީހަކަށް މިގޭގައި އުޅެނީ، އެކަމަކު އޭނާގެ ވެސް ބޮޑު ދަރިއަކު އެބަހުރި… އަންނަ އަހަރު ގުރޭޑު އެކަކަށް ދާނެ، އެހެންވެ ވަރަށް މަސައްކަތްކޮށްދޭންޖެހޭ، އެހެންވެ މިލާންއަށް ވެސް އޮންނަނީ ޔަލާއާގެން އުޅޭނޭ ވަގުތު ނުވެފައި، އެކަން ރުހައިލަކަށް ނުވިސްނޭ… މި ކުއްޖާ ބަލަން މީހަކު ގެންނަން ވާހަކަދެއްކީމާ ވެސް އެކަމާ އެއްބަހެއްނުވި، އަދިވަކިން ދިވެއްސަކު ގެންނާކަށް ޤަބޫލެއްނޫން، ޔަލާއަށް ރަނގަޅަށް ވާހަކަދައްކަން އެނގެނީއެއްނޫން، އެވެސް ދަސްކޮށްދޭންޖެހޭ ކަމެކޭ މަރިޔަމް ބުނި… އެކަމާ ވެސް އަޅާލާ މީހަކު މަ ނޫނީ މިގެއަކު ނެތް، މަލީކު ވެސް ބުނަނީ އެމަންޖެ ބޮޑުވީމާ ރަނގަޅުވާނޭ، އެއްގޮތަކަށް ވެސް ކިޔެވުމައިގެން އުޅެނީއެއްނޫން، އަބަދުކުޅުމުގައި އުޅެން ބޭނުންވަނީ… އަހަރެން ބުންޏަސް މިހާރު އަޑެއް ނާހާ…. އާސިޔާ، އަހަރެން މުޅިން ބޯހަލާކުވެގެން އާސިޔާއަށް ގުޅީ” ޝާރުދާ ހީވީ އެއްނޭވާއިން ސިކުނޑީގެ އުދާސްގަނޑު ބޭރުކޮށްލި ހެންނެވެ.
“ހިނގާބަލަ ތަލަ ނުފިއްސާ އެތެރެއަށް، ހަމަޖެހިލައިގެން ތިބެއެއްނު ވާހަކައެއް ދެއްކޭނީ”
“ތެދެކޭ ދޯ… ސައިބޯނަންތޯ ވެސް އަހާނުލާ ދެންހުރި ހުރިހާ ވާހަކައެއް ބުނެވިއްޖެ” ހިނިތުންވެލަމުން ޝާރުދާ ބުނެލިއެވެ.
“ތިހާ ސިކުނޑި ހާސްވެފައި ހުރީމަ އެހެންވެސް ވާނެ، އެމަންޖެ ގޮވައިގެން ހިނގާ އެތެރެއަށް” އާސިޔާ ބުނެލިއެވެ. އެއާއެކު ފެންއިސްކުރު ބަންދުކޮށްލަމުން ފެންދީ ނިމުނީކަމުގައި ޔަލާގެ ގާތުގައި ޝާރުދާ ބުނެލިއެވެ. އަދި ޔަލާ ގޮވައިގެން އާސިޔާއާއެކު ބޮޑުކޮޓަރިތެރެއަށް ވަދެގެން އައެވެ. ލިފްޓަށް އަރަން ދިއުމުގެ ބަދަލުގައި ވަރުޝާއަށް ގޮވާލާފައި ކޮފީތައްޔާރުކޮށްގެން ޔަލާގެ ކުޅޭކޮޓަރިއަށް ގެނެސްދިނުމަށް ޝާރުދާ އެދުނެވެ.
ޔަލާ އޭނާގެ ބުދުތަކާއި ކުޅޭ އެހެނިހެން ސާމާނުތައް އެއްކޮށްލައިގެން ކުޅުމައިގެން އުޅުނެވެ. ކޮޓަރިއަށް ވަންނަތާ ދޮރުކައިރީ ފާރުގައި ޖައްސާފައި ހުރި ދިގު ސޯފާގައި ޝާރުދާ އާއި އާސިޔާ އިށީނެވެ. އަދި ދެމީހުންގެ ވާހަކަ ކުރިއަށް ގެންދިޔައެވެ.
“އެބަހުރި ކުއްޖަކު؟ އެކަމަކު ޔަލާ ބަލަން ގެންގުޅޭކުއްޖެއްގެ ގޮތުގައި އާދެވޭނެ ކުއްޖެއްނޫން، އޭނާއަށް ޔަލާއަށް އެހީތެރިވެވޭނެ” އާސިޔާ އިރުކޮޅު ހިމޭނުން އިނުމަށްފަހު ބުނެލިއެވެ.
“އެމަންޖެ ކައިރީ ނުހުރެވޭއިރު ކިހިނެއް އެހީވާނީ”
“ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ވެސް އެހީތެރިކަން ފޯރުކޮށްދޭއިރު ކީއްވެ ޔަލާއަށް އެހީނުވެވޭނީ، އަނެއްކާ ކުޑަކުދިންނާ ހެދި ބޮޑުވުމާ ބެހޭގޮތުން މަތީ ތަޢުލީމު ހާޟިލުކޮށް މިކޮޅު އެޑިއުކޭޝަނުގައި ތަންތަނުގައި މަސައްކަތްކުރާ ކުއްޖެކޭ، އިންޓަރނޭޝަނަލް ސުކޫލެއްގެ ޕްރިންސިޕަލަކަށް ވެސް ހުރި… އެކަމަކު މިހާރު އެ ވަޒީފާ ދޫކޮށްލައިފި، ބޭނުންވަނީ އެހީތެރިކަން ބޭނުންވާ ކުދިންނަށް އެހީވުމުގައި އުޅޭށޭ ބުނީ… ވަރަށް އަވަހަށް ޑޮކްޓަރަކަށް ވާން އުޅޭކަމަށް އޭނާގެ ބައްޕަ ބުނި… ޝާރުދާ، އަހަންނަށް އިތުބާރުކުރެވޭވަރު މީހެއްގެ ވާހަކަ މިދައްކަނީ”
“އެއީ އަނެއްކާ ކާކު، މިލާންއަށް އެނގިދާނެ ތިބުނާ ކުއްޖަކު… އާސިޔާއަށް އެހާ އިތުބާރު ހިފެންޏާ އޭނާ ގެންނަންވީނު މިގެއަށް، ފަހަރެއްގައި އޭނާއަށް އެނގިދާނެ އަހަރުމެންގެ މިދަރިފުޅުގެ ކަމެއް ހުރިއްޔާ”
“އަހަންނަށް ހީވަނީ އަހަރެން ބުނުމަށްވުރެ މިހާރު ޝާރުދާ ބުނެފިއްޔާ އޭނާ އަންނަލެއް އަވަސްވާނެހެން، އެގެއަށް ދިޔަޔަސް މަދު ފަހަރަކު ނޫނީ ދިމައެއް ނުވޭ ވިއްޔާ”
“އަހަރެން ބުނީމައޭ… ކާކުގެ ވާހަކަ އާސިޔާ ތިދައްކަނީ؟ އިތުރަށް އަހަރެން ވިސްނަން ނުހަދާ ބުނެދީބަލަ”
“މިގެއަށް އަހަރެން ގެނައި ކުއްޖާގެ ވާހަކަ މިދައްކަނީ”
“އަރު…. އަރުފީނުތަ؟ ތިދައްކަނީ ހަމަ ތެދުވާހަކައެއްތަ؟ އެކުއްޖާ މިހާރު އެހާ މޮޅުމީހަކަށްވީތަ؟ އޭގެ ފަހުން ކިތައް އަހަރު މިވީ… އެކުއްޖާގެ ޚަބަރެއް ވެސް ނުވޭވިއްޔާ، އާސިޔާ ބުނާއެއްޗެއްގެ އަޑު މުޅިން ވެސް އިވެނީ، ވަރަށް ދެކިލާހިތްވޭ، އާސިޔާ، އަރުފީނު ގޮވައިގެން މިގެއަށް ނިކަން އާދެބަލަ، އޭނާގެ ނަންބަރު އޮތިއްޔާ މިހާރު ވެސް އޭނާއަށް ގުޅަން ބޭނުން”
އާސިޔާ އެދައްކަނީ އަރުފީނުގެ ވާހަކަކަން އެނގުމުން ޝާރުދާގެ ހިތަށް ބުނެދޭންނޭނގޭ ފަދަ ހިތްހަމަޖެހުމެއް ލިބިގެންދިޔައެވެ. ހީވީ ވަރަށް ގާތް މީހަކުގެ ވާހަކަ އާސިޔާ ބުނިހެންނެވެ. ހިތްއަވަސްވީ އަރުފީނު ދެކިލަން ބޭނުންވެފައި ހުރި ވަރުންނެވެ. އެތައް އަހަރުތަކަކަށްފަހު އެކުއްޖާ ދުށުމަށް ޝާރުދާގެ ހިތް އެދެންފެށީއެވެ.
“ވަރަށް ދެރަ، ނަންބަރެއްނެތް، އެކަމަކު ހަމަ މިއަދު ތިކަމާ އުޅޭނަން، އެގެއަށް ދާނަން، އަރުފީނާ ވާހަކަދެއްކޭގޮތް ނުވިޔަސް، އާތިޤާ އުޅޭނެ، އޭނާ އަތުން އަރުފީނަށް ގުޅޭނޭ ނަންބަރެއް ހޯދައިގެން ޝާރުދާއަށް އެކަން ކޮށްދޭނަން، އަހަންނަށް ޔަޤީން ޝާރުދާ އެދެފިކަމަކަށް އަރުފީނު ނޫނެކޭ ނުބުނާނެކަން”
ޝާރުދާ އާއި އާސިޔާ ވާހަކައިގައި ތިބިއިރު ޔަލާ އުޅެނީ ކުޅުމުގައެވެ. އާސިޔާގެ ފަރާތުން އިވުނު ވާހަކަތަކުން ޝާރުދާ އިނީ ވަރަށް ބޮޑަށް ހިތްހަމަޖެހިފައެވެ. އަހަރުތަކަކަށްފަހު އަރުފީނު ދުށުމަށް ޝާރުދާ ވެސް އިނީ ބޭނުންވެފައެވެ. އެންމެ ފުރަތަމަ ދުވަހު އަރުފީނު ފެނުނުއިރު އޭނާ ހުރި ގޮތް މިހާރު ވެސް ޝާރުދާއަށް ސިފަވެއެވެ. ހިތްހެޔޮ އޯގާތެރި ޒުވާނަކަށް އަރުފީނު ވާނޭކަން ޝާރުދާއަށް އޮތީ ކުރިންސުރެ އެނގިފައި ކަހަލައެވެ. އޭނާ އާސިޔާގެ ގާތުގައި އަރުފީނުގެ ރަނގަޅު ވާހަކަތައް ދެއްކިއެވެ. އޭނާއަށް އަރުފީނު ކަމުދަނީ ކީއްވެކަމެވެ.
“އަދިވެސް ނުވިސްނެނީ އަރުފީނުގެ ބައްޕަ އެހާ އަވަސްއަރުވާލާފައި އެކުއްޖާ ގެންދަން ޖެހުނު ސަބަބެއް، ރުހައިލުގެ ކައިވެނީގެ ކަންތައްތަކުގައި ހޭ ބޯ ނާރާ އުޅެނިކޮށް އަރުފީނު ގެއަށް ދިޔައީ ކިހިނެއް ކޮންއިރަކު ކަމެއްވެސް އެރޭ ނޭނގޭ، އެރޭ ގެއަށް އައިސް ރުހައިލު ސުވާލުކުރަން ފެށީމަ އަހަންނަށް ވެސް ވިސްނާލެވުނީ އަރުފީނު ދިޔައީ ވަރަށް އަވަސްއަރުވާލާފައިކަން، ހިތަށް އަރަނީ މިގޭ ތެރެއިން އަރުފީނު ހިތްހަމަނުޖެހޭ ކަމެއް ވީބާއޭ… އެހާ ލަސްވެފައި ހުއްޓާ ހެނދުނުން ދާން މަޑުނުކޮށް ނުކުމެގެން ދާނީ އެހެންވީމާތާ، ނޫންތަ އާސިޔާ؟، އަނެއްކޮޅުން އެރޭ ޕާޓީއަށް ފަހައިދިން ހެދުމާ ހޯދާދިން ގަހަނާ ވެސް ދިޔައީ ބަހައްޓާފައި، އެތަކެއްޗަކީ އަހަރެން އަރުފީނަށް ހޯދާދިން ތަކެތި، އެ ބޭނުންކުރާކަށް އިތުރު މީހަކު ނުހުންނާނެ، މި ހުރިހާ އަހަރު ވޭތުވެގެން ދިޔައިރު ވެސް އަހަންނަށް ނޭނގުނު ކަމަކީ އެއީ…”
“ތިކަމުގައި އަހަރެން ކީކޭ ބުނާނީ، ވެދާނެ ޢާއިލާ މީހުން ގާތަށް ދާންބޭނުންވެފައި ހުރިވަރުން އަވަހަށް ދިޔައީކަމަށް”
“މަލީކު ވެސް ބުނީ ތިޔަހެން، އަރުފީނުގެ ޢާއިލާ މީހުން އޭނާ ގެންދަން ބޭނުންވީމާ އެންމެ ރަނގަޅުވާނީ ވީހާ ވެސް އަވަހަކަށް އޭނާ އެމީހުންގެ ގާތަށް ފޮނުވާ ދިނުންކަމަށް….އެހެންވިޔަސް އަހަރެން ހިތްހަމައެއްނުޖެހުނު އެގޮތަށް ކަންތައްކޮށްގެން”
“ދެން އަރުފީނާ ބައްދަލުވީމާ ތިހުރިހާ ޝަކުވާއެއް ކުރާނީ” ސަމާސާ ރާގެއްގައި އާސިޔާ މިހެން ބުނުމާއެކު ޝާރުދާ ހޭންފެށިއެވެ.
* * * *
އިރުއޮއްސެން ކައިރިވެފައި ހުއްޓާ އުނައިސް އާއިއެކު އަރުފީނު އައިސް ގެއަށް ވަނެވެ. ބޮޑުކޮޓަރިއަށް ވަދެވުމާއެކު އަރުފީނަށް ހުއްޓުން އެރީ އެތަނުގައި އިން ސޮފޫރާ ފެނިފައެވެ.
“ސޮފޫދައްތާ… ކޮންއިރަކު އައީ؟ އޯ މިފުއްކޮޅު ވެސް ގޮވައިގެން ދޯ ތިއައީ” އަރުފީނު ވަގުތުން އައިސް ސޮފޫރާގެ ގާތުގައި އިށީނދެ އޭނާގެ އަތުގައި އޮތް ކުޑަކުޑަކުއްޖާގެ ކޮލާ ކުޅެލިއެވެ.
ސޮފޫރާ އާއި ޝާންއަށް ދަރިއަކު ލިބުނުތާ އަދިވީ އެންމެ ފަސްމަހެވެ. ވިހެއުމަށްޓަކައި އަވަށްޓެރި ޤައުމަކަށް ގޮސްފައި އެމީހުން ރާއްޖެއަށް އައީ ދަރިފުޅަށް ދެމަސްވީފަހުންނެވެ. އާތިޤާ އިނީ ދަރިފުޅު އެހާ ކުޑައިރު ގޮވައިގެން ބޭރުގައި އުޅޭތީ އެކަމާ ކުދި ކިޔާލަކިޔާލައެވެ. ޝާންއާ ވާހަކަދައްކަން ޙައިދަރު އާއި ލުތުފީ ތިއްބެވެ. އުޒައިރު ސޯފާގެ ފަހަތުން ސޮފޫރާގެ ކޮނޑުގައި އަތްއަޅުވާލައިގެން އޮވެ ކުޑަކުއްޖާއަށް ބަލަމުން ދިޔައެވެ.
“ޑޮކްޓަރ އަރުފީނު ދޯ…” ސޮފޫރާ ދިމާކޮށްލިއެވެ.
“ސޮފޫދައްތަ ވަރަށް އަވަހަށް ދާންތަ ތިއައީ؟” އަރުފީނު އަހާލިއެވެ.
“ހަމަ ދެންމެ މިއައީ، ދޯ މަންމާ”
“އެހެންވީއިރު އެބަ އަންނަން އެއްޗެހި ބަދަލުކޮށްލައިގެން، މިއަދު ވެސް މިއައީ އެތަންމިތަނުގައި އުޅެފައި، ރީތިވެލައިގެން މިއަންނަނީ ހަނޫފް މޮޑެލަން” އަރުފީނު އޭނާގެ ފައިކައިރީ ބެހެއްޓި ދަބަހާ ދެން ހުރި އެއްޗެހި ހިފައިގެން ތެދުވިއެވެ. އަދި އޭނާގެ ކޮޓަރިއާ ދިމާއަށް ހިނގައިގަތެވެ.
ގިނައިރެއް ނުވެ އަރުފީނު އެނބުރި އައެވެ. އޭރު ހަނޫފް އުރާލައިގެން އުނައިސް ދެކޮޅަށް ހިނގާލާހިނގާލާ ހުއްޓެވެ. ލުތުފީ އިނދެފައި އުނައިސްއާ ދިމާކޮށްލިއެވެ.
“ދަރިފުޅު ބައްޕައަކާ ވަރަށް ވައްތަރު” ލުތުފީ ބުނެލިއެވެ.
“ޝާންއަށްވުރެ މާމޮޅު މިހާރު ވެސް ބޭބީ އުރާލައިގެން ހުރިގޮތް” ސޮފޫރާ ވެސް ދިމާކޮށްލުމުގެ ގޮތުން ބުނެލިއެވެ. އެތަނަށް އައި އަރުފީނުގެ ހުނުމުގެ އަޑު އެންމެނަށް އިވުނީ ދެނެވެ.
“މިކުއްޖާ ވެސް ހުރެގެން ހޭނެ، މިހާރު ބުނެފިން އުނައިސްއަށް ނިކަން ވިސްނައިދީބަލާށޭ… ދަރިފުޅާ އުނައިސް، ކޮންއިރަކުންތަ ދެން ދަރިފުޅު މީހަކާ އިންނާނީ، ދަރިފުޅުތީ އެންމެ ދޮށީ ކުއްޖާ…”
“ދެން ބައްޕާ… މީހަކާ އިންނަންވީމަ އިންނާނަމޭ… ދޯ ހަނޫ….” އުނައިސް އޭނާގެ އަތުގައި އޮތް ހަނޫފުގެ ނިތްކުރީގައި ބޮސްދިނެވެ.
“އެންމެން މީހުނާ އިނަސް މިގޭގައި މީހުންނާ ނީންނާނެ ދެ މީހުން ތިބޭނެ” ޙައިދަރު އިނދެފައި ވާހަކަދެއްކިއެވެ.
“އެއީ ކޮންބައެއް” ސޮފޫރާ އަވަސްއަވަހަށް އަހާލިއެވެ.
“މި ތިބި ދެ މީހުން” ޙައިދަރު ބޮލުން އިޝާރާތްކޮށްލީ އުނައިސް އާއި އަރުފީނަށެވެ. އެއާއެކު ގޭތެރޭގައި ހުނުމުގެ އަޑު ހިފައިގެންދިޔައެވެ.
ސޮފޫރާ އައިސް އުޅެފައި އޭނާ އެނބުރި ދިޔައީ ރޭގަނޑު ކައިގެންނެވެ. އެމީހުން ދިއުމާއެކު ގޭތެރެއަށް ހިމޭންކަމެއް ވެރިވެގެން ދިޔައެވެ. އަރުފީނު ވެސް އާތިޤާއަށް އެހީތެރިވުމުގައި ބަދިގޭގައި އުޅުމަށްފަހު އެނބުރި ކޮޓަރިއަށް ދިއުމަށް ހިނގައިގަތެވެ. ހަމަ އެވަގުތު އޭނާއަށް އާތިޤާ ގޮވާލިއެވެ.
“ދަރިފުޅުގެ ނަންބަރު ހޯދަން އާސިޔާ އައި”
“އާސިއްޔަތަ ކީއްކުރަން އަޅުގަނޑުގެ ނަންބަރު ހޯދީ، އަނެއްކާ ކަމަކުތަ؟”
“ދަރިފުޅުގެ އެހީއެއް ބޭނުންވެގެންނޭ ބުނީ، މިރޭ ގުޅާނަމޭ ވެސް ބުނި، އަދި ނުގުޅާތަ؟”
“ނުގުޅާ، ކިހިނެއްވީބާ… އާސިއްޔައްތަ އަޅުގަނޑު އަންނަންދެން މަޑުކޮށްލިނަމަ”
“ދަރިފުޅު އަންނާނެ އިރެއް ނޭނގެއޭ ބުނީމައޭ އާސިޔާ ދަރިފުޅުގެ ނަންބަރު ދިނުމަށް އެދުނީ”
“އެހެންތަ، ދެން ގުޅާނެތާ… އަޅުގަނޑު މިދަނީ ކޮޓަރިއަށް، ފޯނު ވެސް ވީ ކޮޓަރީގައި، ސޮފޫދައްތަ އައީމަ އަވަހަށް އަންނަން ވެގެން ފޯނު ވެސް ނުލާ އާދެވުނީ” ވިސްނުމެއްގައި ހުރި މީހަކުހެން އަރުފީނު އެނބުރި ހިނގައިގަތެވެ.
ކޮޓަރިއަށް އައިސް ވަން އަރުފީނު ރީތިވާ މޭޒުމަތީ ބާއްވާފައި އޮތް ފޯނަށް ބަލާލިއެވެ. އޭނާއަށް މީހަކު ގުޅާފައެއްނެތެވެ. އޭރު ގަޑިން ނުވައެއް ޖަހަން އުޅެނީއެވެ. އެހެންވެ ފޯނު ހިފައިގެން އައިސް އެނދުގައި އޮށޯވެލިއެވެ. ނިދީގެ އަސަރު ލޮލުގައި ނެތުމުން ކުރިއަށް ހުރި ކަންތައްތައް ފޯނުގެ ޑައިރީއިން ބަލަމުން ދަނިކޮށް ނޭނގޭ ނަންބަރަކުން ގުޅަންފެށިއެވެ. އާސިޔާ ގުޅާނޭކަން އެނގިފައި އޮތުމުން އަވަސް އަވަހަށް އަރުފީނު ކޯލަށް ޖަވާބުދިނެވެ.
“އަރުފީނުތަ؟ މީ އާސިއްޔަތައޭ”
“ކިހިނެއްވީ އާސިއްޔަތާ”
“ވަރަށް ބޮޑުކަމަކު މިގުޅީ، ކޮއްކޮއާ ބައްދަލުކުރުން އެހާ ފަސޭހައެއްނޫނިއްޔާ މިހާރު، އެހެންވެ ގުޅާފައި މިވާހަކަ ދައްކަން މިޖެހުނީ، ހިތުލައިގެން ހުރީ ދިމާވެގެންނޭ ބުނާނީ”
“ފޯނުންވިޔަސް ރަނގަޅުވާނެ، ބޮޑުކަމެއްވިއްޔާ އަވަހަށް ބުނޭ”
“އަރުފީނު، ކޮއްކޮ ކިޔަވަން ހުރިގޭ ޝާރުދާ އެނގެއެއްނު….” ފޯނުން ވިޔަސް އާސިޔާގެ ދުލުން ޝާރުދާގެ ނަންއިވުމާއެކު އަރުފީނު ބަސްހުއްޓޭގޮތްވިއެވެ. އޭނާގެ ނޭވާއަށް ވެސް ބަދަލުތަކެއް އައި ކަހަލައެވެ.
(ނުނިމޭ)