HUREEME THIHITHUN JAAGA DHEYTHO [Part – 07]

“މެރީކުރުން، އަހަރެން މިހާރު ބޭނުންވަނީ ވީހާ ވެސް އަވަހަކަށް ސޮފޫއާ މެރީކުރަން” ޝާން މިހެން ބުނެނުމެނީސް ސޮފޫރާ ދުވެފައި އައިސް ޝާންގެ ގައިގާ ބައްދައިގަނެފިއެވެ.

“ސީރިއަސްކޮށްތަ؟ ހަމަ މިރޭ މަންމައާ ހަމައަށް ޝާންގެ ވާހަކަގެންދާނަން” އުފަލުން ސޮފޫރާ ބުނެލިއެވެ.

“އަހަރެން ވެސް މަންމައާ ވާހަކަދައްކާނަން، މެރީކޮށްގެން ސޮފޫވާނީ އަހަންނާއެކު އުޅެން، އަހަރުމެންގެ ގޭގައި، އަހަރެންގެ މަންމަ ނޫނީ އެހެން އެއްވެސް މީހަކުނެތް، އެ މަންމަ ދޫކޮށްލާފައި އަމިއްލަ ދިރިއުޅުން ކުރިއަށް ގެންދެވޭކަށްނެތް… އެނގޭ ސޮފޫގެ ޢާއިލާ މީހުންދެކެ ސޮފޫ ވަރަށް ލޯބިވާކަން، އެހެންވިޔަސް މީ އަހަރެންގެ ޙާލާތު ނިޔާކުރާގޮތް” ޝާން، އޭނާގެ ގަޔާ ސޮފޫރާ ދުރުކޮށްލުމާއެކު ބުނެލިއެވެ.

“އެނގޭ ތިކަން، ކުރިން ވެސް ޝާން ބުނީމެއްނު މަންމަ ނޫނީ ޝާންގެ ނުހުންނާނެއޭ އެކަކު ވެސް، އޭރު ވެސް އެނގުނު ކައިވެނިކޮށްގެން ޝާންއާއެކު ދާންޖެހޭނެކަން، ޝާންއަށް ނޯންނާނެކަން މަންމަ ދޫކޮށްލާފައި އާދެވޭކަށް، އެހެންނޫނަސް އަހަރެން ނުވެސް އެދޭނަން އެގޮތަށް ކަންތައްކުރާކަށް” ސޮފޫރާ ހިނިތުންވެލިއެވެ. އެވަގުތު ސޮފޫރާގެ ފޯނަށް މެސެޖެއް އައިއަޑު އިވުނެވެ. އެހެންވެ ޝާންގެ މޭޒުމަތީ އޮތް ފޯނު ނެގުމަށް އޭނާ ހިނގައިގަތެވެ.

“އޯނޯ! އަރުފީ މެސެޖުކުރީ… މަންމަ ބުންޏޯ އަހަންނަށް ގުޅާފައި އަހާބަލާށޯ ކޮންއިރަކުންތޯ ގެއަށް އަންނަނީ، ދެން ހިނގާ އަވަހަށް ދާން” ސޮފޫރާ ބުނެލިއެވެ. ޝާން ބޯޖަހާލާފައި އަވަސްއަވަހަށް އޭނާ ބަލިމީހުންނާ ބައްދަލުކުރާ ކޮޓަރިތެރެ ތަރުތީބުކޮށްލިއެވެ. އަދި ސޮފޫރާ ގޮވައިގެން ގެއަށް ދިއުމަށް ނިކުތެވެ.

ސޮފޫރާ އައިސް ގެއަށް ވަންއިރު ބޮޑުކޮޓަރިތެރެ އޮތީ ފަޅަށެވެ. ތިރީގައި ހުންނަ އާތިޤާ އާއި އުޒައިރުގެ ކޮޓަރިއާ ދިމާއަށް ސޮފޫރާ އައެވެ. ސިއްރު ފިޔަވަޅުތަކެއް އަޅަމުންނެވެ. އުޒައިރުގެ ކޮޓަރި ލައްޕާފައި ހުރުމުން އެ ކޮޓަރީގެ ދޮރާ ކައިރިވެލަން ސޮފޫރާ އުޅުނު ވަގުތު އަތިޤާގެ ކޮޓަރި ހުޅުވާފައި ހުރިތަން ފެނުނެވެ. އަދި އުޒައިރު ޤުރުއާން ކިޔަވާއަޑު ކަންފަތުގައި ޖެހުނެވެ. މަޑުމަޑުން އައިސް އާތިޤާގެ ކޮޓަރިތެރެ ބަލާލިއިރު ނަމާދުދޮޅި އަޅައިގެން ކޮޓަރީގައި ހުރި ސޯފާގައި އުޒައިރުއަށް ޤުރުއާން ކިޔަވައިދޭން އާތިޤާއިނެވެ. އެނދުކައިރީ މުއްސަލަ ފަތުރާލާފައި އޮތްގޮތަށް އޮތެވެ. އަވަހަށް އައިކޮޅަށް ސޮފޫރާ ހިނގައިގަތެވެ. މިވަގުތު އާތިޤާއަށް ފެނިއްޖެއްޔާ ކުރާނޭ ސުވާލުތައް ވަރަށް ގިނަވާނޭތީވެއެވެ. އަވަހަށް އައިސް ކޮޓަރިއަށް ވަންއިރު އަރުފީނު ވެސް އިނީ ނަމާދުން ފޭބިގޮތަށް މުއްސަލަމަތީ ކިޔަވާށެވެ.

“އަރުފީ ހާދަ ބަރާބަރޭ” ކޮޓަރީގެ ދޮރުލައްޕާލި ސޮފޫރާ ބުނެލިއެވެ.

“މަންމަ ހުރީ ކުޑަކޮށް ހިތްހަމަނުޖެހިފައި، ނަމާދަށް ދާށޭ ބުނީމަ އަވަހަށް މިއައީ، އުނައިސް ވެސް ބިރުން މިސްކިތައް ގޮސްފި، ސޮފޫދައްތަ ނަމާދަކަށް ނާރާނަންތަ؟” އަރުފީނު ބުނެލިއެވެ.

“ސޮފޫދައްތަ މިހިރީ ޗުއްޓީ ނަގައިގެން، އަދި ދެތިންދުވަސްފަހުން ޑިއުޓީއަށް ނިކުމެވޭވަރުވާނީ” އެނދުމައްޗަށް އައިސް ޖެހިގަންނަމުން ސޮފޫރާ ބުނެލިއެވެ. އެއާއެކު ދެކުދިން އެކުގައި ހީނގެންފިއެވެ.

“ހޭންވީކީ ނޫނޭ، ތި ކިޔާ…” ސޮފޫރާ ފޯނާކުޅެން ފެށިއެވެ.

ރޭގަނޑުގެ ކެއުން ނިންމާލާފައި ބަދިގެ ފަރާތުން އެންމެން ނިކުތުމުން އާތިޤާ ސޮފޫރާއަށް ގޮވާލާފައި މަޑުކޮށްލުމަށް އެދުނެވެ. އަރުފީނު ވެސް އެތަނުގައި މަޑުކުރަން ހެދުމުން އާތިޤާ އޭނާ ފޮނުވާލިއެވެ. މުހިންމު ވާހަކައެއް ދައްކަންކަން އާތިޤާ އެއުޅެނީ ސޮފޫރާއަށާއި އަރުފީނަށް ނަގައިގަނެވުނެވެ. ގޭގައި ގެންގުޅޭ މީހާ ތަށިތައް ނަގަން ފެށުމުން އޭނާއަށް އެހީވަމުން ދިޔަ އާތިޤާ ސޮފޫރާއަށް ކާމޭޒުދޮށުން ގޮނޑިއެއް ދައްކާލާފައި އިށީނުމަށް ބުންޏެވެ.

“ކާކާއެއްކޮށް ބޭރުގައި އުޅެފައި ތިއައީ” އާތިޤާގެ އަޑުން ވެސް އޭނާ ނުރުހިފައި ހުރިކަން ސޮފޫރާއަށް އެނގުނެވެ.

“ޝާންއާއެއްކޮށް” ސޮފޫރާ މަޑުމަޑުން ބުނެލިއެވެ.

“މަންމައަށް ހީވަނީ މިހާރު ތަންކޮޅެއް ގިނަވެއްޖެހެން ޝާންއާއެއްކޮށް ބޭރަށް ނިކުންނަލެއް” އާތިޤާ އައިސް ސޮފޫރާގެ ކައިރީ ހުރި ގޮނޑީގައި ހިފަހައްޓާލިއެވެ. އަދި ދަރިފުޅާ ދިމާއަށް ވަރަށް ރަނގަޅަށް ބަލާލިއެވެ.

“އަހަރެން މަންމަ ގާތު ވާހަކައެއް ދައްކަންވެފައި އެބައޮތް، މިތާ އިށީނދެބަލަ” ސޮފޫރާ، އާތިޤާއަށް ބަލާލަމުން ބުނެލިއެވެ.

“ދަރިފުޅު ކީއްވެތަ ތިހެން ތިއުޅެނީ، ކުދިންނާ ބައްދަލުކުރިޔަސް، އެހާ ގިނައިރު ބޭރުގައި ނޫޅެބަލަ، މީ މާލެއޭ މަންމަ ބުނާނީ ކިތައް ފަހަރުތަ، އެހާ ފަސޭހައިން މީހުންނަށް އިތުބާރުކުރާކަށް ނުވާނެ” އާތިޤާ ބުނެލިއެވެ.

“އެކަމަކު ޑޮކްޓަރ ޝާންއަކީ މަންމަ ވެސް ލުތުފީބެ ވެސް ވަރަށް އިތުބާރުކުރާ ޒުވާނެއް، ނޫންތަ؟ އަހަރެން… މިވާހަކަ މަންމަ ގާތު ބުނަން ކުރިން ވެސް ބޭނުންވި، އެކަމަކު އަހަންނަށް ކުރިން ކަންތައްކުރެވުނު ގޮތުން މަންމަ ހިތްހަމަނުޖެހިދާނޭތީވެ ބުނަން ނުކެރިފައި ހުރީ” ސޮފޫރާ އިނީ ޖެހިލުންވެފައެވެ.

“މަންމައަށް އެނގޭ ޝާންއާ ސޮފޫރާގެ ދެމެދުގައި ގާތް ގުޅުމެއް އޮންނަކަން، ކަންބޮޑުވެގެން މިއުޅެނީ އެހެންވެއެއްނޫން، ތީ އަންހެންކުއްޖެއް، ރަށުގައި ދަރިފުޅު ބަދުނާމުވެގެން ދިޔަގޮތް މިމަންމަ ދުވަހަކު ވެސް ހަނދާނެއްނުނެތޭނެ، ހިލޭ ގުޅުމެއްގައި ދެ ޖިންސުގެ ޒުވާނުން ގައިގޯޅިވާނަމަ ކުރަންނުވާކަންތައްތައް ކުރެވޭނީ…. ކަންބޮޑުވަނީ އެކަހަލަ ނުބައި ޢަމަލަކަށް ސޮފޫރާއަށް އަރައިގަނެވިދާނޭތީވެ، ޝާންއަކީ ހަރުދަނާ ޒުވާނެއް، އެކަން މަންމަ ޤަބޫލުކުރަން، އެހެންވިޔަސް، ކިތަންމެ ރަނގަޅު މީހަކަށް ވެސް ނުބައިކަމެއް ކުރުމަށް ފުރުޞަތު ދީގެން ނުވާނެ، ޝައިތާނާ އެ ދެމެދަށް ފާވާނީ ކޮންއިރަކުކަމެއް ނޭނގޭނެ، ހޭވެރިކަން ލިބޭއިރު ލަދުގަންނަން ޖެހޭވަރުކަމެއް ކުރެވުމަކީ ކިހާ ނުބައިކަމެއް” އާތިޤާ ބޭނުންވަނީ ކޮންކަމެއްކަން ސޮފޫރާއަށް ނަގައިގަންނާކަށް އުނދަގުލެއްނުވިއެވެ. އޭނާ ހިނިތުންވެލާފައި ކައިރީގައި އިން އާތިޤާގެ އަތްތިލާގައި އަތްބާއްވާލިއެވެ.

“މަންމަ ހާސްނުވެބަލަ، ޝާން ވެސް ބޭނުމެއްނުވޭ ގިނަ ދުވަހު ނީނދެ ތިބޭކަށް، އޭނާ ކައިވެނީގެ ވާހަކަދައްކަން ބޭނުންވޭ، އަހަރެން ބުނިން މަންމަ ގާތު ބުނާނަމޭ” ސޮފޫރާ ބުންޏެވެ.

“ހަމަތެދެއްތަ؟ އެ ތިބެނީ ހެޔޮ ވިސްނޭ ރަނގަޅު ޒުވާނުން…. އެހެންވިޔަސް ޝާންގެ ހަޤީޤަތް ބޮޑަށް އެނގޭނީ ލުތުފީއަށް، ދަރިފުޅު ބަލާ ބޮޑުކުރި ބައްޕަގެ ޚިޔާލު ވެސް ހޯދަން ޖެހޭނެ، މަންމަ ތިވާހަކަ ބުނާނަން، އެއަށްފަހު އެނގޭނީ އެއްޗެއް ބުނަން” އާތިޤާ ބުންޏެވެ.

“ޝާން އަހަރެން އުފަލުގައި ބަހައްޓާނޭކަން އެނގޭ، އަހަރުމެން ދެމީހުން ވެސް ވަރަށް ބޭނުން ކައިވެނިކުރަން” ސޮފޫރާގެ ހިތް އޮތްގޮތް އޭނާގެ މަންމައަށް ހާމަކުރިއެވެ. އާތިޤާ ދަރިފުޅުގެ ކޮނޑުގައި ފިރުމާލަމުން ހިނިތުންވެލިއެވެ.

“ދެމައިން ކޮންވާހަކައެއްގައި” އާތިޤާ ނުނިކުމެގެން ލުތުފީ ބަދިގެފަރާތަށް އައެވެ.

“ނިކުންނަން އުޅެނިކޮށް ތިއައީ” އާތިޤާ ވާހަކަބަދަލުކޮށްލިއެވެ. ސޮފޫރާ އަވަސްއަވަހަށް އެތަނުން ހިނގައްޖެއެވެ.

އެރޭ ނިދަން ވަނުމާއެކު އާތިޤާ، ލުތުފީގެ ގާތުގައި ސޮފޫރާއާ ޝާން ކައިވެނިކުރަން ބޭނުންވާކަން ހާމަކުރިއެވެ. ލުތުފީ ފުރަތަމަ ފެށީ ހޭށެވެ. އެއްދުވަހު އޮފީސް ނިންމާފައި އަންނަނިކޮށް ޝާން އާއި ސޮފޫރާ އެކުގައި ފެނިފައިވާކަމުގައި ލުތުފީ ބުންޏެވެ. އެ ދުވަހު ވެސް އެ ދެމެދުގައި އޮތީ ރަޙުމަތްތެރިކަމުގެ ގުޅުން ނޫންކަން ލުތުފީއަށް އެނގޭކަމަށް އޭނާ ބުނުމުން އާތިޤާ ޝަކުވާކޮށްލިއެވެ. އެކަމާ ލުތުފީ އެއްޗެއް ނުބުނީ ކީއްވެތޯ އޭނާ ސުވާލުކުރިއެވެ. ސޮފޫރާގެ މައްޗަށް ލުތުފީގެ ބަސް ހިނގާނޭކަމުގައި އާތިޤާ ބުންޏެވެ.

“އަހަރެން ޝާންއަށް އިތުބާރުކުރާތީވެ އެ ދެމެދަށް ނުވަނީ، ދުވަހަކު ވެސް އަންހެންކުއްޖަކު ގޮވައިގެން އުޅެނިކޮށް ނުދެކެން، އޭނާގެ ޢާއިލާ ވެސް ވަރަށް ރަނގަޅަށް އެނގޭ، ސޮފޫރާ، ޝާންއާ ގުޅުމަކުން އޭނާއަށް ލިބޭނޭ އެއްވެސް ދެރައެއްނޯންނާނެކަން އަހަންނަށް އެނގޭ، މަޑުކޮށްގެން ހުރީ ސޮފޫރާ، ޝާންގެ ވާހަކަ ދައްކަންދެން” ހިނިއައިސްފައި އޮވެ ލުތުފީ ބުނެލިއެވެ. އާތިޤާއަށް ވެސް ހިނިތުންވެލެވުނެވެ. ފުރަތަމަ ފަހަރަށް ސޮފޫރާގެ ހަޔާތް ބާއްޖަވެރިވެގެން ދާނޭކަމުގެ އުންމީދު ލިބިގެންދިޔައެވެ. މަޑުމަޑުން ލުތުފީގެ ގާތުގައި އޭނާ ސޮފޫރާ އާއި ޝާންގެ ކައިވެންޏަށް ރުހުނީތޯ އަހާލިއެވެ. ލާނެތް ސަމާސާއަކާއެކު ލުތުފީ އާނއެކޭ ބުނެލިއެވެ.

* * * *

އޮއްސޭއިރާއެކު އެތައް ހުވަފެންތައް ވަޅުޖެހިދެއެވެ. އެހެންނަމަވެސް ދުނިޔޭގައި ހުރިއްޔާ އައު ދުވަހަކަށް އަލިވިލޭނޭކަމުގެ އުންމީދު ލިބިދެއެވެ. ހިތްދަތިކަމުގެ ތެރެއިން ހިނިތުންވެލަން ދަސްކޮށްދެއެވެ. ކެތްތެރިކަމާއެކު ކުރިއަށްދާން މަސައްކަތްކުރެވެއެވެ. އަރުފީނު ބޭނުންވަނީ އެގޮތެވެ. ކަރުނުން ދެލޯ ފުރިދާއިރު އެއީ ހިނިތުންވުމުގެ ސިއްރުކަމެއް ނޫނީ އެހިތުގައިވާ ޒަހަމްތަކުގެ ވޭންކަން އަނެކާއަށް ނޭނގުމެވެ. އެހެންނަމަވެސް ހިލާގައި ކަނޑާނެގުނު ބުދެއްހެން ސިކުނޑީގައި ރުހައިލުގެ ސޫރަ ބިންވަޅުނެގުނީ ދާއިމަށެވެ. މުޅި އުމުރަށެވެ. އެ ހަށިގަނޑުގައި ހިނގާ ނޭވާ ހުއްޓިދަންދެން ރުހައިލާއެކު ހޭދަކުރެވުނު ދުވަސްތަކުގެ ހަނދާންތައް ފަނޑުވުމެއްނުވެއެވެ.

“ހާއި…” އުނައިސްގެ އަޑު ފަހަތުން އިވުމާއެކު އަރުފީނު އަވަސް އަވަހަށް ދެލޯ ފުހެލިއެވެ.

“ސިސް، ކޮފީ…” އަތުގައި އޮތް ކޮފީ މަގު އުނައިސް ދިއްކޮށްލިއެވެ. ފުންނޭވާއެއްލުމާއެކު އަރުފީނު ހިނިތުންވެލާފައި އުނައިސް ދިއްކޮށްލި ކޮފީމަގުގައި ހިފިއެވެ.

“މިގަޑީގައި މިތަނުގައި ހުންނާނެކަން އެނގިގެން މިއައީ، ރޯކަން ވެސް އެނގޭ… އެކަމަކު އަރުފީނު ނުބުނާނެކަން ވެސް އެނގޭ، އެހެންވިޔަސް އަހަންނަކީ އެހާފަސޭހައިން ސިސްއެކަނިވާން ދޫކޮށްލާނެ ބްރަދަރއެއްނޫން” ހާމަފެންޑާގައި ހުރި މޭޒުގެ ދޮށުގައި އުނައިސް އިށީނެވެ. އަރުފީނު ރެއިލިންގައި ލެނގިލަމުން އުނައިސްއަށް ބަލާލިއެވެ.

“ރުހައިލު…” އިރުކޮޅަކު ހުރެފައި މަޑުމަޑުން އަރުފީނު ބުނެލިއެވެ.

“ރުހައިލު… އެއީ ކާކު” އުނައިސް ވިސްނާލި ކަހަލަ ގޮތެއް މޫނަށް ހަދާލިއެވެ.

“އެމީހަކީ ކާކުތޯ އަހަމެއްނު، އެއީ އޭނާގެ ނަން” އަރުފީނު ބުނެލިއެވެ. އެއާއެކު އޭނާގެ މޫނު މިލައިގެން ދިޔައެވެ. މަޑުމަޑުން އައިސް އުނައިސް އިން މޭޒު ދޮށުގައި އަރުފީނު އިށީނެވެ. އަދި ރުހައިލު އާއި އޭނާއާ ދެމެދު ހިނގައި ދިޔަ ހުރިހާކަމެއް ކިޔައިދިނެވެ.

“އަހަންނަށް ލިބިފައި މިހިރީ މޮޔަ ސިސްއެއް، ބަލަ އަހަރުމެން ފިރިހެނުންނަށް ވެސް ލޯތްބަކީ ސަމާސާއެއްނޫން، ލޯބިވެވޭނީ އެއްފަހަރު…. ތިކުރިކަމަކުން އަރުފީނަށް ހަމަޖެހުމެއް ލިބުނުތަ؟ އަހަންނަށް ޔަޤީން ރުހައިލަށް ވެސް ހަމަޖެހުމެއް ނުލިބޭނެކަން، އަރުފީނު ރެޔާ ދުވާލު ވެއަތުކުރަމުން ތިދަނީ އޭނާގެ ހަނދާނުގައި، އެކަމަކު ރުހައިލު… އޭނާއާ މެދު ވިސްނާލަބަލަ، އޭނާ އެމީހަކާއެކު ހުރިހާ ވަގުތެއް ހޭދަކުރަމުންދާއިރު، އޭނާ ލޯބިވަނީ އެހެންމީހަކުދެކެ، ކޮންފަދަ މަޖުބޫރުކަމެއް…” އުނައިސްގެ ވާހަކަ އަރުފީނު މެދުކަނޑާލިއެވެ.

“އެކަން ވިސްނެއޭ، އެހެންވެ ގުޅުން ކަނޑާލަން ބޭނުންވަނީ، މި ދެމެދުގައި އޮތް ގުޅުން އެއްކޮށް ނިންމާލަން ބޭނުންވަނީ، އެހެންނޫނީ އޭނާ ހުއްޓައެއްނުލާނެ، މި ފޯނަށް އޭނާ އެތައްފަހަރަކު ގުޅާ… ވާހަކަނުދައްކަން ހުއްޓަސް ވާހަކަދެއްކެނީ ކީއްވެކަމެއް ނޭނގޭ…. އެއީ އަހަންނަށް ކުރެވޭ ކުށެއް، ރުހައިލު ލޯބިވާކަން އެނގޭއިރު އޭނާއާ އަހަރެން ވާހަކަދައްކާނަމަ ދުވަހަކު ވެސް އޭނާގެ ދިރިއުޅުމަށް ފުރުޞަތެއް ނުދެވޭނެ، އެ ދެމަފިރިން އުފަލުގައި އުޅެން އަހަރެން ބޭނުން، އެކަން އެގޮތަށް ވާނީ އަހަންނާ ރުހައިލު އެއްގޮތަކަށް ވެސް ބައްދަލުނުވީމަ، އެއީ އެންމެ ރަނގަޅުގޮތް… އުނައިސް މިހުރިހާ ދުވަހު ބުނަމުން އައީ އަހަންނަކީ އުނައިސްގެ ކޮއްކޮއޭ، މިއަދު މިކޮއްކޮއަށް އެހީވެދީބަލަ… ރުހައިލުއާ ދުރުގައި ހުންނަން ބޭނުންވަނީ، ދުވަހަކު ވެސް ބައްދަލުވާކަށް ބޭނުމެއްނޫން، އޭނާއާ ވާހަކަދައްކާކަށް ވެސް ބޭނުމެއްނޫން” އަރުފީނު، އުނައިސްއަށް ބަލަންއިނެވެ.

“އަރުފީއަށް އަހަރެން އެހީވާނެއެއްނު، އެކަމަކު ތީ އަދި ރަނގަޅުގޮތެއްނޫން، އެހެންވިޔަސް އަރުފީ ބޭނުންގޮތެއް، އަރުފީ ބޭނުންވަނީ ރުހައިލާ ދުރުގައި ހުންނަން ކަމަށްވާނަމަ، އަހަރެން އެކަން ކޮށްދޭނަން، އެންމެ ފުރަތަމަ ތި ފޯނު އަހަންނަށް ގެނޭ” އުނައިސް މިހެން ބުނުމުން އަރުފީނު އޭނާގެ ފޯނުގައި ހިފަހައްޓާލައިގެން އިރުކޮޅަކު އިނެވެ. ހީވަނީ ދެ ޚިޔާލެއްގައި އިންހެނެވެ. ނަމަވެސް އޭނާ ފޯނު އުނައިސްއަށް ދިއްކޮށްލިއެވެ. އެއާއެކު އުނައިސް އެ ފޯނު ނަގާ ނިއްވާލިއެވެ. އަދި ސިމްކާޑު ނެގުމަށްފަހު އަރުފީނަށް ދައްކާލިއެވެ.

“ޔަޤީންތަ…” އުނައިސް އަހާލިއެވެ. ތިރީތުންފަތުގައި ދައިގަންނަމުން އަރުފީނު ބޯޖަހާލި އިރު ހީވީ އަމިއްލަ ޟަމީރަށް ވެސް މަޖުބޫރުކުރުވަމުން ދިޔަހެނެވެ. އުނައިސް ޖެހިލުމެއްނެތި ސިމްކޮޅުގެ އެއްބައި މޭޒުގައި ޖައްސާ ބާރުކޮށްލުމާއެކު އެ ލަނބާލާ ބިންދާލިއެވެ.

“މި ފޯނު ވެސް އަރުފީ ބޭނުންކޮށްގެން ނުވާނެ، މިރޭ މިހާރު އެގާރަޖަހަނީ، މިހާރު އެއްވެސް ފިހާރައެއް ހުޅުވާފައެއްނޫން ހުންނާނީ، މާދަމާ އަރުފީ ނިމޭގަޑިއަށް އަހަރެން ބަލާދާނަން، ގޮސް އާ ފޯނެއް ގަންނާނީ، އާ ސިމް އެއްވެސް ނަގާނީ، އެއީ ފެށުން…. ދެން ހަމަގައިމު ވެސް ރުހައިލު ގުޅާތީ އުޅޭކަށް ނުޖެހޭނެ، ދެން ކަންތައްކުރާނޭ ގޮތް ވެސް އަހަންނަށް އެނގޭ، ބާކީ އޮތީ އެއްއަހަރު… އަހަރެން ބައްޕަ ގާތު އައި ޙައިދަރުބެ ގާތުން ހުއްދަ ނަގާނަން އެކަމަށް….” އުނައިސް ބުނެލިއެވެ.

“ކޮންކަމަކަށް” އަރުފީނަށް ނިކަން އަވަހަށް އަހާލެވުނެވެ.

“މާލެއިން އަރުފީނު ގެއްލުވާލަން” ސަމާސާއެކުލެފައިވާ ގޮތަކަށް އުނައިސް ބުނެލިއެވެ.

“އުނައިސް ކީއްވެ ލައިފާމެދު ނުވިސްނަނީ، ބޭނުންވާ ކަހަލަ އަންހެންކުއްޖަކާ ދުވަހަކު ވެސް ދިމައެއްނުވޭތަ” އުނައިގެ ވާހަކައަށް ހީނލަމުން އަރުފީނު ފެށީ މުޅިން އެހެންވާހަކައެކެވެ.

“އަރުފީ، އަހަންނާ ސިސްއާ ދެމީހުންނަކީ ލޯބީގައި އެހާ ކާމިޔާބު ދެމީހުންނެއްނޫން، އަހަރުމެންނާ އިންނާނެ މީހަކު ހޯދަން ޑޭޓިންވެބްސައިޓެއްގެ އެހީ ކަންނޭނގެ ހޯދަންޖެހޭނީ” އުނައިސްގެ ނަޒަރު ދުރަށް ހުއްޓިލާފައި ވެސް އަރުފީނަށް ބަލާލަމުން ސަމާސާގޮތަކަށް ބުނެލިއެވެ.

“އަހަންނާ ޚިއްޞާއެއް ނުކުރާނަންތަ؟” އަރުފީނު އަހާލިއެވެ. އެއާއެކު ލުއިގޮތަކަށް އުނައިސް ހީނލިއެވެ.

“އަހަރެން ސިސްއަށްވުރެ މާބޮޑެއްނު، އެހެންވީމަ ބޮޑެތިމީހުންގެ ލަވްލައިފް އަހާކަށްނުވާނެ” ދެންވެސް އުނައިސް ހީނލީއެވެ.

“އެކަމަކު ކޮންމެވެސް ދުވަހަކުން ތިވާހަކަ ކިޔައިދޭނެކަމަށް އުންމީދުކުރަން” އަރުފީނު ވެސް ހީނލިއެވެ.

“މިހެންތިއްބަ އިރުކޮޅަކުން ސޮފޫ އަންނާނެ، އަންނަގޮތަށް ކުދިކިޔަންފަށާނެ، އޭނާ ނުލާ ކޮފީބުއީމަ، އެބައިން ސިޓިންރޫމުގައި ޓީވީއަށް ގެއްލިފައި، އެ ނުނިމެނީސް އަވަހަށް ހިނގާ މިތަނުން ފައިބަން” އުނައިސް ބުނެލިއެވެ. އަރުފީނު ހިނިތުންވެލައިގެން ހުރެ ބޯޖަހާލަމުން ތެދުވިއެވެ.

ކިޔެވުމުގެ އެންމެ ފަހު އަހަރު ކުރިއަށް ދިޔައިރު އަރުފީނުގެ ގިނަ ވަގުތު ސޮފޫރާ ނޫނީ އުނައިސް އޭނާގެ ގާތުގައި ހުރެއެވެ. ޚާއްޞަކޮށް އުނައިސްގެ އެކުވެރިކަން އަރުފީނަށް ވަރަށް ކަމުދިޔައެވެ. ބޮޑު ޢާއިލާއެއްގެ ތެރޭގައި އުޅެވޭކަމުގެ އިހުސާސް އޭނާއަށް ކުރެވެއެވެ. ސޮފޫރާ އާއި ޝާންގެ ކައިވެނީގެ ވާހަކަ ގޭތެރޭގައި ގުގުމާލީ އުފާވެރިކަމާއެކުއެވެ. އެހެންނަމަވެސް އުނައިސްގެ ހިނިތުންވުން ތަފާތުވެފައި އޭނާ އެކަހެރިވެލިލެއް އަވަސްކަމުން އަރުފީނު ސުވާލުއުފެދުނެވެ. އުނައިސް ސިއްރުކުރަމުން ދިޔަ ވާހަކަ ސިއްރެއްގެ ގޮތުގައި ބާއްވަން އުނދަގޫވީ އެހެންވެއެވެ. ހަޤީޤަތް އެނގުމުން އަރުފީނު ވަރަށް ދެރަވިއެވެ. އުނައިސްގެ ކެތްތެރިކަން ފެނިފައި އޭނާއަށް ހިތްވަރުލިބުނެވެ. އަރުފީނުގެ ކިޔެވުމުން ނިމޭހާތަނަށް ސޮފޫރާގެ ކައިވެނި ކުރުމަށް ހަމަޖެއްސިއެވެ. ހަމައެއާއެކު ޙައިދަރު، އުނައިސްއަށް ބަލާލާފައި އަރުފީނަށް ގޮވާ ގެނެސް ގާތުގައި ބޭންދުމަށްފަހު، އޭނާ އިތުރަށް ކިޔަވަން ބޭނުންވާތީ ކިޔެވުމުގެ ކަންކަން ފުރިހަމަކުރުމަށް ރާއްޖޭން ބޭރަށް ފުރުމުގެ ފުރުޞަތު އޮތްވާހަކަ ބުނެލިއެވެ. ވަގުތުން އަރުފީނަށް އުނައިސްއަށް ބަލާލެވުނެވެ. އޭނާ ބޮޑުވައި އިނގިލި އަރުވާލާފައި އަރުފީނަށް ދައްކާލިއެވެ. ލުއިހިނިތުންވުމެއް ތުންފަތުގައި ދުވެލި ނަމަވެސް އަރުފީނުގެ ހިތްބިރުގަތެވެ.

* * * *

“ކީއްވެ ދަންވަރު އަބަދު ޓެރެސްގައި ރުހައިލު އިންނަނީ، އެނދުގައި އޮންނަން އުނދަގުލީތަ؟ އަހަންނާ ހެދިތަ؟ ފޯނު ހިފައިގެން ތިއިނީ ކޯލެއް އަންނާތިތަ؟ ނޫނީ ކޯލަކަށް އިންތިޒާރު ކުރަނީތަ؟” އުނދޯލީގެ ލެނގޭބައިގައި ދެއަތްފުޅާކޮށްލައިގެން ހަށިގަނޑުއޭގެތެރެއަށް ދޫކޮށްލާ އެއްވަރަކަށް ހެއްލަމުންދިޔަ ރުހައިލަށް ނައިރާ ބުނެލިއެވެ.

“ނައިރާ ނުނިދަންތަ؟” ރުހައިލުގެ ކުރިމައްޗަށް އައިސް ހުއްޓުނު ނައިރާއަށް ނަޒަރު ސީދާކޮށްލުމުގެ ބަދަލުގައި އުނދޯލީގެ ފުޅާމިނަށް ދަމާލާފައި އޮތް ދެއަތް ނަގާ ފައިގާ އަޅުވާލަމުން ރުހައިލު ގުދުވެލިއެވެ. ހީވީ ނައިރާއަށް ބަލަން ބޭނުންނުވެގެން ގެނައި ހަރަކާތެއްހެންނެވެ. އެއާއެކު ނައިރާ ރުހައިލުގެ ގާތުގައި އުނދޯލީގައި އިށީނެވެ.

“ނުނިދިފައި އޮއްވާ ރުހައިލު ތެދުވެގެން ދިޔައީ، އޭގެ ފަހުން މިހާރު ގަޑިއިރަކަށްވުރެ ގިނައިރުވީ، މިހާރު އާދައަކަށް ހަދައިފީމު ޓެރެސްގެ ސޯފާގައި ނިދުން، އެއީ ކީއްވެތަ؟ ލަންޑަނުގައި ވެސް ރުހައިލު އުޅުނީ ތިކަހަލަ ގޮތަކަށް، ރޭގަނޑު ގިނަ ވަގުތު ކޮޓަރިން ބޭރުގައި ހޭދަކުރީ… އޭރު އެއްވެސް ސުވާލެއް ނުކުރީ މުޅިން އައު މާހައުލަކަށް ދެވުނީމަ ރުހައިލްއަށް ނިދަން އުނދަގޫވަނީ ކަމުގައި ހީކޮށް، ރުހައިލު…. ވެގެން އުޅޭގޮތެއް ބުނެބަލަ، އަހަންނަށް އެއްގޮތަކަށް ވެސް ރުހައިލުގެ ތިމިޒާޖު ދެނެގަންނާކަށް ނޭނގުނު، ފިކުރުބޮޑުވާވަރުގެ ކަމެއް އޮތްނަމަ ބުނީމަ އަހަންނަށް ވެސް އެނގޭނީ، ނޫންތަ؟ ތިހެން ހިމޭނުން އިނެއްކަމަކު އެކައްޗެއް ވެސް ނޭނގޭނެ” ނައިރާ ވާހަކަދެއްކީ މަޑުމަޑުންނެވެ.

“އަހަންނަށް ކަމެއްނުވޭ، ދެން ދޭ ނައިރާ ކޮޓަރިއަށް، އަހަރެން ވެސް އިރުކޮޅަކުން މިދަނީ، ތިހެން މިތަނުގައި އިންނަނިކޮށް މާބޮޑަށް ފިނިވެދާނެ” ރުހައިލު ނައިރާގެ ހިތްހަމަޖައްސާލަން އުޅުނު ކަހަލައެވެ. އަޑުގައި ގާތްގޮތެއް ހުރިއިރު ރުހައިލުގެ ހަރަކާތްތަކުން އެކަމެއް ނުފެނެއެވެ.

“ރުހައިލަށް ފިނިނުވަންޏާ އަހަންނަށް ވެސް ފިންޏެއް ނުވާނެ، މިރޭ ނުދާނަން، ރުހައިލާއެކު މިތަނުގައި އިންނާނީ” ގަދަކޮށްލާ ފަދަ ގޮތަކަށް ނައިރާ މިހެންބުނަމުން ރުހައިލުގެ މުލައްދަނޑީގައި ދެއަތުން ހިފާ ގާތްވެލިއެވެ. ރުހައިލު އިންތަނުން ނުތެދުވަނީސް އެ އަތުން ދޫކޮށްނުލާން ނައިރާ އަޒުމް ކަނޑައެޅި ކަހަލައެވެ.

“ސިނގިރޭޓުގެ ދުންތައް ނައިރާގެ މޫނަށް އެޅުނަސް ހެޔޮތަ؟” ނައިރާ ފޮނުވާލުމަށްޓަކައި ރުހައިލުގެ ސިކުނޑިއަށް ވަން ޚިޔާލު ދުލުން ބޭރުކޮށްލިއެވެ.

“އެހެންވެ ދޯ މިތަނަށް ތިއަންނަނީ، އަހަންނަށް އެނގޭ ރުހައިލު ސިނގިރޭޓު ބޯކަން މަންމަމެނަށް ނޭނގޭކަން، އެމީހުންގެ ކުރިމަތީ ރުހައިލު ސިނގިރޭޓޫ ނުބޯކަން، އަހަންނަށް ސިއްރުން އުޅޭކަށް ނުޖެހޭނެ، ރުހައިލު ހިތްހަމަޖެހޭ ކަމެއްނަމަ ކުރަންވީ، އަހަރެން ނުބުންޏަސް ރުހައިލަށް އެނގޭނެ ތީ ރަނގަޅު ޢަމަލެއްނޫންކަން، ސިނގިރޭޓަށް ދެވިހިފައިފި ނަމަ ދުރުވާން ވަރަށް އުނދަގޫވާނެ، މައްސަލައަކީ ރުހައިލު އަހަރެން ގާތު ނުބުނާތީ އެއްވެސް ވާހަކައެއް، މިހާރު އަހަރުމެން ދެމީހުންނަކީ ދެމަފިރިން، އެކަން ރުހައިލަށް ވިސްނޭހެނެއް ހިޔެއްނުވޭ… ސިނގިރޭޓު ބޯންވީމަ އެހެން ބުނެލާފައި އަންނަ ނަމަ އަހަރެން ވެސް ހިތްހަމަޖެހޭނެ ދޯ، މެރީ ކުރިފަހުން ރުހައިލު އަހަރެން ގޮވައިގެން ގެއިން ބޭރަށް ވެސް ނިކުމެ ނުލާ…. މަންމަ ގާތަށް ގޮސްލަން ވަރަށް ބޭނުން، އެކަމަކު އެކަނި ދާކަށް ބޭނުމެއްނޫން” ކުޑަކުއްޖަކު ހެން ނައިރާ ޝަކުވާކޮށްލިއެވެ.

“ދެން ބުނާނަން… ހިނގާ ދާން” ރުހައިލު މިހެންބުނެ ތެދުވިއެވެ.

“ދެން މަންމަމެންގެއަށް” ރުހައިލުގެ އަތުގައި ހިފާލައިގެން ހުރެ ތެދުވަމުން ނައިރާ ބުނެލިއެވެ.

“ހެނދުނުން ތިކަމާ ގޮތެއް ނިންމަމާ، ވަރަށް ނިދިއައިސްފި” ރުހައިލުގެ ލޮލުގައި ނިދީގެ އެއްވެސް އަސަރެއްނުވާއިރު ވެސް އޭނާ ބުނެލިއެވެ.

“އޯކޭ… ހެނދުނުން ދޯ” ނައިރާ ހިތްހަމަޖެހިއްޖެކަން އޭނާގެ އަޑުން ރުހައިލަށް ނަގައިގަނެވުނެވެ. އިތުރު އެއްޗެއް ނުބުނެ ހާމަފެންޑާއިން ފައިބައިގެން އައިސް ކޮޓަރިއަށް ވަންއިރު ވެސް ނައިރާ ލޯބި ގޮތަކަށް ރުހައިލުގެ އަތުގައި ހިފަހައްޓާލައިގެން ހުއްޓެވެ.

ނައިރާ އައިސް އެނދަށް އެރިއިރު ރުހައިލު ގޮސް ވަނީ ފާޚާނާއަށެވެ. އެނދުގައި އޮތް މަޑުމަޑު ރަޖާގަނޑު ރަނގަޅުކޮށްލަމުން ބޯދަށުގައި އޮތް ބާލީސް ނައިރާ ހަމަޖައްސާލިއެވެ. އަދި ރުހައިލު އޮންނަ ދިމާއަށް އެނބުރި އޭނާ އައިސް އޮށޯންނާނެ އިރެއްގެ އިންތިޒާރުގައި އޮތް ހެން ހިނިތުންވެލައިގެން އޮތެވެ. ފާޚާނާއަށް ވަން ރުހައިލު ގިނައިރު ވާން ފެށުމުން ނައިރާ ތުންފިއްތާލިއެވެ. އަދި އަނެއްފަރާތަށް އެނބުރި ފާޚާނާއާ ދިމާއަށް ބަލަންފެށީ ދެ ޚިޔާލެއްގައި އޮވެއެވެ. އެނދުން ތެދުވެގެން އައިސް ރުހައިލަށް ގޮވަންވީބާއޭ ހިތަށް އަރާފައެވެ. އެހެން އޮއްވާ ރުހައިލު ފާޚާނާއިން ނިކުތީ ފެންވަރައިގެންނެވެ. ނައިރާއަށް ބަލާވެސް ނުލާ އޭނާ އައިސް އަލަމާރިން ނެގި ޓީޝާޓު ގަޔަށް ހެޔޮވަރުކޮށްލިތަން ފެނި ނައިރާ މޫނުކުނިކޮށްލަމުން ތުންއަނބުރާލިއެވެ.

“އަންހެންކުއްޖެކޭ އެއްވަރު، އެންމެ ރެއަކު ސޯޓުކޮޅާއެކު އެނދަށް އައީވިއްޔާ ވާނީ ކީއް، އެ ޓީޝާޓުގަނޑެއް ލާންޖެހޭތަ” ނައިރާގެ ސިކުނޑިތެރޭ ހައިޖާނެއް އުފެދުނު ކަހަލައެވެ. ރުހައިލުގެ ހަރަކާތްތަކަށް އޭނާ ބަލަން އޮތެވެ.

ރުހައިލު އައިސް އެނދުގައި އޭނާ އޮންނަ ދިމާލުގައި އޮށޯވެ ނައިރާއަށް ފުރަގަސްދިނެވެ. ކޮޓަރިތެރެ ފިނިކަމުގައި ވިޔަސް ރަޖާގެ ދަށަށް ވަންނަ ކަހަލަ ޚިޔާލެއް އޭނާ ނުކުރިއެވެ. ނިދީގެ އަސަރުނެތްނަމަވެސް އޮށޯތުމާއެކު ރުހައިލު ދެ ލޯ މަރައިފިއެވެ. އޭނާއަށް އެތައް އިރަކު ނައިރާ ބަލަން އޮތެވެ. އެހެންނަމަވެސް ރުހައިލު ހަރަކާތެއްކޮށްނުލިއެވެ. ފުރަގަސްދީގެން އޮތްގޮތަށް އޮތީއެވެ. ހިތަށް ކެތްނުވެގެން ނައިރާ މަޑުމަޑުން ރުހައިލާ ގާތްވެލުމާއެކު ރުހައިލުގެ ކަނދުރާއަށް އޭނާގެ ނޭވާ އިހުސާސްވާނޭ ގޮތަށް މޫނު ފޮރުވާލައިގެން އޮތެވެ. ދެން ވެސް ރުހައިލުގެ ހިލަމެއް ނުވިއެވެ. ކަމެއް ބޭނުންވެ އެކަން ނުފުދުމުން ފޫހިވެފައި އޮއްވާ ނައިރާގެ ލޯ މަޑުމަޑުން މެރެން ފެށިއެވެ. ނައިރާ ގަދަ ނިދީގެ ތެރެއަށް ދިއުމާއެކު ރުހައިލު އޭނާ މަޑުމަޑުން ދުރަށް ޖައްސާލިކަން ވެސް ނައިރާއަށް ނޭނގެއެވެ. އެނދުގެ އަރިމަތީ ކަބަޑުގެ މަތީ ބޭއްވި ފޯނު ނަގާ ސިއްރުން ނައިރާއަށް ބަލާލުމަށްފަހު ރުހައިލު ނަންބަރަކަށް ޑަޔަލްކޮށްލިއެވެ.

“އަރުފީން ކީއްތިކުރީ، އަމިއްލައަށް ނިންމުން ނިންމާއިރު އެއްފަހަރު ވެސް އަހަންނާމެދު ވިސްނާލާނަމަ، ކިތައްފަހަރު ގުޅިއްޖެ، ނަންބަރު ކަނޑާލީ އަހަންނާ ވާހަކަނުދައްކަން ދޯ…” ފޯނުގެ އިސްކުރީނުން ފެންނަމުން ދިޔަ އަރުފީނުގެ ފޮޓޯއާ ރުހައިލުގެ ހިތް ވާހަކަދައްކަމުން ދިޔައެވެ. ފެންނަން ހުރި ހުރިހާ ދޮރަކުން ރުހައިލު، އަރުފީނު ހޯދުމަށް ވަންނަމުން ދިޔައެވެ. އެހެންނަމަވެސް އެ ހުރިހާ ދޮރެއް މިއަދު އަރުފީނު އޭނާއަށް ބަންދުކޮށްލައިފިއެވެ. އެއްވެސް ކޮޅަކުން ކުރިއެރުމެއް ނުލިބިއެވެ. އަރުފީނު ލޯބިވާކަން ހިތް ބުނަމުންދާއިރު ވެސް އަރުފީނުގެ ދުލުން އެކަން ހާމަކުރާއަޑު އަހަން ރުހައިލު ކެތްމަދުވެފައިވެއެވެ. އެކަމަކު ދެން ދުވަހަކު ވެސް އަރުފީނުގެ އަޑު ރުހައިލުގެ ކަންފަތާ ހަމައަށް ފޯރާނޭކަމުގެ އުންމީދު އެއްކޮށް ގެއްލިއްޖެއެވެ. ދުވަހަކު ވެސް އަރުފީނު ދުށުމުގެ ނަސީބު ލިބުމަކީ މިހާރު ދުރުކަމެއްކަމުގައި ރުހައިލަށް ޔަޤީންވާން ފަށައިފިއެވެ. ފޯނުގައިވާ އަރުފީނުގެ ފޮޓޯ ނުފެންނަވަރަށް ރުހައިލުގެ ލޯ ފުސްވެގެން ދިއުމާއެކު ދިލަ ކަރުނައިގެ ރޮނގެއް ފައިބައިގެން ދިޔައެވެ. އެހިނދު މަޑުމަޑުން ރުހައިލުގެ އެސްފިޔަތައް ކައިރިކޮށްލުމާއެކު ނައިރާއަށް ފުރަގަސްދީ ބާލީހުގައި މޫނު ފޮރުވާލިއެވެ.

އިރުގެއަލިން ދުނިޔެމަތި ދިއްލާލާފައި އޮތް އިރު ވެސް ރުހައިލުގެ ކޮޓަރިތެރޭގައިވަނީ އަނދިރިކަމާއި ފިނިކަމެވެ. ބަންޑުން ނިދިފައި އޮތް ރުހައިލު އެއްއަތުން ބޯއަޅާ ބާލީހުގައި ހިފަހައްޓާލައިގެން އަނެއްއަތް ގައިދަށުވެފައި އޮތެވެ. ރީތިވާ މޭޒުކައިރީ އިން ނައިރާ އިސްތަށިގަނޑުގައި ފުނާ އަޅަމުން ދިޔައެވެ. ހުރިހާ އިސްތަށްޓެއް އެއްކޮށް ހިފަހައްޓާލުމާއެކު ވޫލުކޮޅަކުން ފަހަތަށް އިސްތަށިގަނޑު އައްސާލިއެވެ. އަދި އަތުން އޮމާންކޮށްލުމާއެކު ކުޑަކޮށް މޭކަޕްކޮށްލިއެވެ. އެއަށްފަހު އެނބުރި ނިދިފައި އޮތް ރުހައިލަށް ބަލާލިއެވެ. ރުހައިލުގެ ނިދި ހަލާކުވާން ނައިރާ ނޭދޭތީވެ އޭނައަށް ނުގޮވައި ނައިރާ ކޮޓަރިން ނިކުމެގެން ކާކޮޓަރިއަށް އައެވެ. އޭރު މޭޒުދޮށުގައި އެކަކު ވެސް ނެތެވެ. އަތުކުރީ އޮތް ތަނޑިގަނޑެއްފަދަ ހިމަ ގަޑިއަށް ނައިރާ ބަލާލާފައި ލުއިގޮތަށް ހިނިތުންވެލިއެވެ. ނުވައެއް ޖަހަނީއެވެ. އެހާއިރު ޝާރުދާ އާއި މަލީކު ތިބޭނީ ސައިބޮއެގެންކަން ނައިރާއަށް ވިސްނުނީއެވެ.

“ދަރިފުޅު އެކަނިތަ، ކޮބާ ރުހައިލު…. އަދިވެސް ނުހޭލަނީ” ސައިތަބަށް ހިފައިގެން ކާކޮޓަރިތެރެއަށް ވަދެގެން އައި ޝާރުދާ ބުނެލިއެވެ.

“އަޅުގަނޑު ހީކުރީ މަންމަމެން ސައިބޮއެ ނިމުނީކަމަށް” ޝާރުދާގެ ވާހަކައަށް ހިނިތުންވެލާފައި ނައިރާގެ ވާހަކަ އަމާޒުކުރީ ޝާރުދާ ހިފައިގެން ވަން ސައިތަބަކަށެވެ.

“ބައްޕަ ވަރަށް ހެނދުނާ އޮފީހަށް ދުރުވެއްޖެ، އެހެންވެ ކުރިން ސައިބޮއެފިން” ޝާރުދާ ބުނެލިއެވެ. ހީވީ އޭނާއަށް ނައިރާ ބުނި އެއްޗެއް އޮޅުން ނުފިލީހެންނެވެ.

“ސައިތަބަށް ހިފައިގެން މަންމަ އުޅޭތީވެ” ސީރިއަލްތަށްޓަށް ކިރުއަޅަމުން ނައިރާ ބުނެލިއެވެ.

“މީ… މަންމަގެ ރައްޓެއްސެއް އައިސްގެން، އިންޑާގައި ވަރަށް ގިނަ ދުވަހު ހުރެފައި އެއައީ، އަރުފީނު މިގެއަށް ގެނެސްދިނީ އޭނާ” ސިންކުކައިރީ ސައިތަބަށް ގެނެސް ބަހައްޓަމުން ޝާރުދާ ބުނެލިއެވެ.

“އަރުފީނު… އޭނާ ކޮބާތަ؟ ރަށަށް ދިޔައީތަ؟ ޚަބަރެއް ވެސް ނުވޭ” ނައިރާގެ ހަނދާނައް ކުއްލިއަކަށް އައީ ކައިވެނީގެ ޙަފުލާ ނުނިމެނީސް އަރުފީނު އެތަން ދޫކޮށް ދިޔަތަނެވެ.

“އާސިޔާ ބުނި އެމީހުން މާލޭގައި އުޅޭ ވާހަކަ، އެހެންވެ ކަމަށް އަރުފީނު ގެންދިޔައީ…. މަންމަ ވެސް ވަރަށް ހަނދާންވޭ އެކުއްޖާމަތިން، އެކަމަކު އެމީހުންނަށް އުނދަގޫކުރަން އެގެއަށް ދާކަށް ވެސް ނުވާނެއޭ ހިތަށް އަރަނީ” ޝާރުދާ ބުނެލިއެވެ.

“އަރުފީނު ކީއްވެބާ ނުގުޅަނީ، އޭނާ މިގޭގައި އުޅުނީ މިގޭ ކުއްޖެއްހެއްނު ދޯ މަންމާ” ނައިރާ ބުނެލިއެވެ.

“ވެދާނެ ކިޔެވުމުގައި މާބުރަކޮށް އުޅެނީކަމަށް، އާސިޔާ ބުނި އަރުފީނު އިތުރަށް ކިޔަވަން ރާއްޖޭންބޭރަށް ފުރަން އުޅޭ ވާހަކައެއް ވެސް، އެހެންވީމަ ވަގުތު ނުވަނީކަންނޭނގެ، ނޫނީ މިއުޅޭ ރުހައިލުގެ ކިބައިން ސަލާމަތްވެވުނީމަ ނުގުޅަން ކަންނޭނގެ އެހުންނަނީ، އެވަރަށް އެކުއްޖާއަށް އުނދަގޫކުރިވިއްޔާ ރުހައިލު” ޝާރުދާ ހީނލުމުން އޭނާއާއެކު ނައިރާ ވެސް ހީނލިއެވެ.

ޝާރުދާގެ ވާހަކަތަކުން ނައިރާއަށް ވިސްނާލެވުނެވެ. އަމިއްލަ ޚިޔާލުތަކުގެތެރެއަށް ގެއްލެމުންދިޔައެވެ. ޝާރުދާ ސިފަކުރި ފަދަ އެއްވެސް ސިފައެއް ރުހައިލުގެ ކިބައިން ނައިރާއަށް ނުފެންނަނީ ކީއްވެކަމާމެދު އަމިއްލަ ޟަމީރު ސުވާލުއުފެއްދިއެވެ. ފުރަތަމަ އެގެއަށް އައި ދުވަސްތަކުގައި ރުހައިލުގެ މޫނުމަތީން ފެންނަން ހުންނަ ލާނެތްކަން ފިލައިހިނގައްޖެއެވެ. ތުންފަތުގައިވާ ހިނިތުންވުން މުޅިންހެން ގެއްލިއްޖެއެވެ. ނޭނގޭ ތަދެއް ހިތަށް އިހުސާސްވެގެން ދިއުމާއެކު ނައިރާ އަވަސްއަވަހަށް ބޯހޫރާލިއެވެ.

“ކިހިނެއްވީ؟” ނައިރާ ބޯހޫރާލިތަން ފެނި ޝާރުދާ އަހާލިއެވެ.

“ކިރު މާ ފިނިވީމަ” ނައިރާ ކާންއިން ސީރިއަލްތަށްޓަށް ބަލާލާފައި ބުނެލިއެވެ.

“ދަރިފުޅު ސައިބޯލައިގެން އަންނައްޗޭ މާގަސްތައްކައިރިއަށް، އާސިޔާ އަންނަމުން އެބަހުރި އޯކިޑު ގަހަކާ ވަރަށް ރީތި މާތަކެއް އަޅާފައި ހުރި އިތުރު ދެގަސް ގެނެސްދީފައި، މަންމަ މިދަނީ އެ ގަސްތައް ބޮޑު ޕޮޓަކަށް ބަދަލުކޮށްލަން” ޝާރުދާ މިހެންބުނެ ކާކޮޓަރިން ނިކުންނަން ހިނގައިގަތެވެ. ނައިރާ ބޯޖަހާލާފައި ކާންއިން ތަށްޓަށް ނަޒަރު ހުއްޓާލައިގެން އިނެވެ.

ޝާރުދާއާ އެއްކޮށް އުޅެފައި ނައިރާ އެނބުރި ކޮޓަރިއަށް އައި އިރު ރުހައިލެއްނެތެވެ. ހޯދަމުން ދަނިކޮށް ފެނުނީ އެކަނިމާ އެކަނި ކާކޮޓަރީގައި ސައިބޯން އިންދައެވެ. ހައިރާންވެފައި ނައިރާ އައިސް ރުހައިލުގެ ކައިރީގައި ހުރި ގޮނޑީގައި އިށީނެވެ.

“ބުނީމެއްނު މަންމަ ގާތަށް ދާން ބޭނުންވެޔޭ، ކޮންއިރަކުން ދަނީ” ނައިރާ އިށީނުމާއެކު ރުހައިލު ބުނެލިއެވެ. ހަމައެއާއެކު ނައިރާގެ މޫނުމަތި އުޖާލާވެގެން ދިޔައެވެ. ސިކުނޑިއަށް ލިބިފައިވާ ނުތަނަވަސްކަން ވަގުތުން ފިލައިގެން ދިޔަ ކަހަލައެވެ. ހިނިތުންވެލުމާއެކު ރުހައިލާ ވާހަކަދައްކަން އޭނާ ފެށިއެވެ.

“ރުހައިލު ވެސް ދާނަންތަ” ނައިރާ އަހާލިއެވެ. ޕާންފޮތި އަނގައަށް ލައިގެން އިނދެ ރުހައިލު ބޯޖަހާލިއެވެ. އުފަލުން ގޮސް ހަދާނެގޮތެއް ނޭނގިގެން އުޅޭ މީހަކު ހެން ނައިރާ ގޮނޑިން ފުންމައިގަންނަމުން ގެނައި އަވަސް ހަރަކާތުގައި ރުހައިލުގެ މޫނުގައި ހިފާ ކޮލުގައި ބޮސްދީފިއެވެ. އަދި އަތްތިލަބަޑި ޖަހާލަމުން ވަގުތުން އޭނާ ތައްޔާރުވާން ދަނީ ކަމުގައި ބުނެލިއެވެ. ރުހައިލު އިނީ ބުނާނެ އެއްޗެއް ނޭނގި ހުއްޓުން އަރާފައެވެ. ކާން ފެށުނީ ލޯ ކުރިމަތިން ނައިރާ ދިޔަތާ އިރުކޮޅެއް ފަހުންނެވެ.

* * * *

ބަދިގޭގައި ހުރި މަރިޔަމްގެ ފުރަގަހުން މީހަކު އައިސް ބައްދައިލުމުން އޭނާއަށް ކުޑަސިހުމެއް ލިބިގެންދިޔައެވެ. އެހެންނަމަވެސް ކަންފަތުގައި ނައިރާގެ އަޑުޖެހުމުން ލިބުނު ހައިރާންކަން އިތުރުވެގެން ދިޔައެވެ.

“ދަރިފުޅު… ރުހައިލު…. މަންމައަށް އަންގާލިނަމަ އަންނަން އުޅޭ ވާހަކަ” އުފާވެރިކަން މަރިޔަމްގެ މޫނުމަތިން ފާޅުވޭވޭ ހުއްޓެވެ. އޭނާގެ ނަޒަރު ނައިރާއަށާއި ރުހައިލަށް ވަކިވަކިން ހުއްޓިގެންދިޔައެވެ.

“އިކީ ވެސް އެބައުޅޭ، ބައްޕައަށް ގުޅާފައި ބުނާނަން މެންދުރުކާން ގެއަށް އަންނާށޭ، ނައިރާ އާއި ރުހައިލު އައިސްގެން އެބައުޅެޔޭ، ބައްޕަ ވަރަށް އުފާވާނެ، ރުހައިލު، ދަރިފުޅު ތިހެން ދުރުގައި ނުހުރެ އާދެބަލަ މިތާ އިށީންނަން، މަންމަ މިއުޅެނީ ކާންތައްޔާރު ކުރަންވެގެން” ޖީންސުގެ އަރިމަތީ ޖީބަށް ދެއަތްތިލަ ކޮށްޕާލައިގެން ރުހައިލު ދުރުގައި ހުންނަތަން ފެނުމުން މަރިޔަމް ބުނެލިއެވެ. އެއާއެކު މަޑުމަޑުން އައިސް ކާމޭޒުދޮށުގައި ރުހައިލު އިށީނެވެ. ނައިރާ އަވަސް އަވަހަށް މެންދުރަށް ކެއްކި އެއްޗެއް ބަލަން އުޅެންފެށިއެވެ. ދެމައިންގެ އަޑު ބަދިގެފަރާތުގައި ގަދަވެގެން ދިޔައެވެ.

“ނައި… ކޮންއިރަކު އައީ” މަންމައަށް ގޮވަމުން އައިސް ބަދިގެފަރާތަށް ވަން އިކްރާމަށް އޭނާގެ ކޮއްކޮ އައިސްގެން އުޅޭތަން ފެނުމުން ބުނެލެވުނެވެ.

“ދެންމެއަކު މިއައީ، އިކީ ވަރަށް ގޯސް…” ނައިރާ ކުޑަކުއްޖެއްފަދައިން ޝަކުވާ ކުރަމުން އިކްރާމްގެ ގާތަށް އައެވެ.

ނައިރާގެ ހަރަކާތްތަކަށް ބަލަން އިން ރުހައިލަށް ނައިރާއާ މެދު ވިސްނާލަން މަޖުބޫރުވިއެވެ. މަޑުމަޑުން ނައިރާގެ ފަރާތުން އޭނާއަށް ކުރިމަތިވާ ސުވާލުތައް ގިނަވަމުން އައުމަކީ ރުހައިލު ބޭނުންވާގޮތެއް ނޫނެވެ. އެހެންވާންވެއްޖެނަމަ ގިނަ ދުވަހެއްނުވެ ނައިރާއަށް ހުރިހާކަމެއް އެނގިދާނެކަމުގެ ބިރު ރުހައިލުގެ ހިތުގައި އޮތެވެ. އެހެންވާކަށް އޭނާ ބޭނުމެއްނޫނެވެ. މިހާރު އޭނާގެ ކުރިމަތިން ފެންނަ ނައިރާ އޭރުން ބަދަލުވާނޭކަން ރުހައިލަށް އެނގެއެވެ. ޚުދު އޭނާ ފަދައިންނެވެ. އަރުފީނުދެކެ ލޯބިވުމަށްފަހު އޭނާއަކީ މުޅިން އެހެން މީހެއްކަން ޚުދު އޭނާއަށް ވެސް އިހުސާސްވެއެވެ. އޭނާއަށް ލިބިފައިވާ ވަރުގެ ހިތާމައެއް ނައިރާއަށް ރުހައިލުގެ ފަރާތުން ލިބުމަކީ އޭނާ ކުޑަކޮށް ވެސް އެދޭގޮތެއް ނޫންކަން ނައިރާއަށް ނަޒަރުހުއްޓާލައިގެން އިންގޮތުން އެކަނި ވެސް ދޭހަވެއެވެ. ނައިރާދެކެ ރުޅިއައުމުގެ ހައްޤެއް ވެސް އޭނާއަކަށް ނެތެވެ. ވީއިރު ނައިރާގެ ކިބައިން އޭނާ ހިފާނެ ބަދަލެއް ނެތެވެ. އެ އަންހެންކުއްޖާގެ ހިތްހަމަޖައްސައި ދިނުން އެއީ މިވަގުތު ރުހައިލަށް ކުރަން ޖެހިފައިވާ ކަމެއްކަމުގައި ރުހައިލުގެ ޟަމީރު ގޮވާލިއެވެ. މީހުން ރުހޭނެހާ ހުރިހާ ސިފައެއް ނައިރާއަށް ލިބިފައިވެއެވެ. އެކަން ބަލައިގަނެވޭތޯ ރުހައިލު މަސައްކަތް ކުރެއެވެ. އެހެންނަމަވެސް އޭނާގެ ހިތަށް ވިސްނައިދޭން ވަގުތު ނަގާނެކަން ޚުދު އޭނާއަށް އެނގެއެވެ. ހަމައެއާއެކު އަރުފީނު އޭނާގެ ގާތުން އެވަރަށް އެދެމުން ދިޔައީ ނައިރާއާއެކު ދިރިއުޅުން ވޭތުކުރުމަށެވެ. އެ ލޯތްބަށްޓަކައި އޭނާ އެކަން ކުރާން ނިންމިއެވެ. އުމުރުގެ ކޮންމެވެސް ހިސާބަކުން އަރުފީނާ ބައްދަލުވެއްޖެނަމަ އޭނާ އެކަން ހާމަކުރާން ބޭނުމެވެ. އަރުފީނަށްޓަކައި އޭނާ ނައިރާއަށް އުފާވެރި ދިރިއުޅުމެއް ހޯދައިދޭނެކަމެވެ. ފަހަރެއްގައި އެ ދުވަހަކުން އަރުފީނުގެ ރުހުން އޭނާއަށް ލިބިދާނޭކަމުގައި ރުހައިލަށް ހީވަނީއެވެ. އެސްފިޔަޖަހާލާފައި ހުޅުވާލާހާ ވަގުތުކޮޅެއްގެ ތެރޭ ޚިޔާލުތަކުން ރުހައިލު ބޭރުކުރުވީ އޭނާއާ ގާތުގައި އައިސް އިށީން އިކްރާމެވެ. މަޑުމަޑުން ރުހައިލުގެ ކޮނޑުގައި ޖަހާލާފައި އޭނާ ކޮންމެވެސް އެއްޗެއް ބުންޏެވެ. އެހެންނަމަވެސް ރުހައިލަށް ސާފެއްނުވިއެވެ. އޭނާ ސުވާލުގެ ނަޒަރަކުން ބަލަހައްޓައިގެން އިނެވެ.

“މަންމާ، ދެން ކާންހަދައިދޭންވީނޫންތޯ، ވަރަށް ބަނޑުހައިވެއްޖެ” ނައިރާ ފެނުމުން ދަރިފުޅުގެ އަވައިގައި ޖެހިފައި ހުރި މަރިޔަމްއަށް އިކްރާމް ބުނެލިއެވެ. އެއާއެކު ނައިރާ އާއި މަރިޔަމް އެއްފަހަރާ ހީނގަތެވެ. އަދި ދެމައިން ވެގެން މޭޒުމަތީގައި ތަށިތައް އަތުރާލައިފިއެވެ.

* * * *

ދުވަސްތައް ފާއިތުވަމުން ދިޔަ ވަރަކަށް ރުހައިލު އޭނާގެ ނިންމުމުގައި ސާބިތުވެ ހުއްޓެވެ. ނައިރާގެ ކަންކަމަށް މަޑުމަޑުން ސަމާލުވެ އޭނާ އުފާވާނޭ ކަންކަން ކޮށްދެމުންދިޔައެވެ. އެހެންނަމަވެސް ހިތުގައި އަރުފީނަށްޓަކައި އޮތް ލޯބީގެ ޒަރެއްގެ މިންވަރު ވެސް އުންޏެއް ނުވިއެވެ. އެ ހަނދާންތައް އިއްޔެ ވީ ކަމެއްހެން ސިކުނޑީގައި ބިންވަޅުނެގިފައި ވެއެވެ. ނައިރާގެ އިސްނެގުންތަކަށް މަޑުމަޑުން ރުހައިލު މަރުޚަބާ ކިޔައެވެ. ދެމަފިރިންނަށް ވީތީއެވެ. އަމިއްލަ ދިރިއުޅުން ބައްޓަން ކުރި ގޮތަށް އެއްވެސް ކަމެއް ގެންދިއުމުގެ ޚިޔާލެއް ރުހައިލުގެ ނެތެވެ. އޭރު ދުއް ހުވަފެންތައް އަރުފީނާއެކު ވަކިވެގެން ހިނގައްޖެއެވެ. ތުނބުގައި ޖަހާލާ ސިނގިރޭޓުގެ ދުމާއެކުވެ ފަޒާގެ ތެރެއަށް އެ ހުވަފެންތައް ވެސް ގެބިގެން ދިޔައީއެވެ.

“ދަރިފުޅު ބައްޕައާ ވާހަކައެއް ދައްކަން ބޭނުންވެފައި ހުރިކަމަށް ނައިރާ ބުނި” ރުހައިލުގެ ކޮޓަރީގައި ޓަކިޖަހާލަމުން ދޮރު ހުޅުވާލި މަލީކުގެ އަޑު އެނދުގައި އުއްޑުން އޮށޯވެލައިގެން އޮތް ރުހައިލަށް އިވުނެވެ. އެއާއެކު ކައްޓެއްހެން ފުންމައިގެން އޭނާ ތެދުވެއްޖެއެވެ.

“ލައްބަ، އަޅުގަނޑު… އަޅުގަނޑު ބައްޕައާއެކު ޢާއިލާގެ ވިޔަފާރީގެ ތެރެއަށް ވަންނަން ޚިޔާލުކުރާތީވެ، ނައިރާ ވެސް ވަރަށް އެދޭކަމެއް އެއީ، ކިޔަވައިގެން މަސައްކަތެއްނުކޮށް މިހެން ހުރުމަކީ ހަރުދަނާ ސިފައެއް ނޫނޭ ނައިރާ ބުނި” އިސްޖަހާލައިގެން ހުރެ ރުހައިލު ބުނެލިއެވެ. ރުހައިލުގެ ވާހަކަތައް އިވުމާއެކު މަލީކުގެ ތުންފަތުގައި ހިނިތުންވުމެއް ދުވެލިއެވެ.

“ނައިރާއަކީ ވަރަށް ވިސްނުންތޫނު ކުއްޖެއް، ރަނގަޅުވާހަކައެއް އެބުނީ… ބައްޕަ ވެސް ވަރަށް ބޭނުން ދަރިފުޅު ވިޔަފާރީގެ ތެރެއަށް ގެންނަން، ހައްތަހާ ވެސް ދަރިފުޅު އަދި މަސައްކަތެއް ފަށަން ނުވިސްނާހެން ހީވާތީ އެ ވާހަކަ ނުދައްކާ މަޑުކޮށްލައިގެން ހުރީ، މިހާރު ނައިރާ ކޮބާ؟” މަލީކު ހިތްހަމަޖެހުނުކަން ރުހައިލަށް އެނގުނެވެ. އެހެންނަމަވެސް އެ ދެމެދަށް ދުރުކަމެއް ވަނީ އައިސްފައެވެ.

ދުވަހަކު ވެސް މަލީކުއާ ވާހަކަދައްކާއިރު ނުކުރެވޭ ފަދަ އުނދަގޫތަކެއް ރުހައިލަށް އިހުސާސްވެގެންދިޔައެވެ. ހަތަރުހަމަކޮށް ވާހަކަނުދެއްކުނީ އެހެންވެއެވެ. މާގިނަ ވާހަކަތަކެއް ވެސް ރުހައިލު ދައްކާކަށް ނެތެވެ. ނައިރާ އެދުނީތީ މަސައްކަތެއް ކުރަން އޭނާ ނިންމިކަން މަލީކަށް އަންގާލުމަށްފަހު ހިމޭންކަން ޚިޔާރުކުރިއެވެ.

“ދަރިފުޅު ބަލީތަ؟” ރުހައިލުގެ ހިމޭންކަމުގެ ސަބަބުން މަލީކަށް އަހާލެވުނެވެ. އެހިނދު ޖަވާބު ދިނުމުގެ ގޮތުން ރުހައިލު ދެފަރާތަށް ބޯހޫރާލިއެވެ.

“ދެތިން ދުވަހެއްގެ ތެރޭ އޮފީހުގައި ދަރިފުޅަށް ކެބިންއެއް ތައްޔާރުކުރާނަން، ބައްޕައާއެކު ވިޔަފާރީގެ ހުރިހާކަމެއްގައި ދަރިފުޅު ބައިވެރިވީމަ ބައްޕައަށް ވަރަށް ލުއިވާނެ، ޝުޢައިބު ވެސް ބުނެފައި އޮތީ ފަޒަލް ބޭނުންނަމަ ޢާއިލާގެ ވިޔަފާރީގެ ތެރެއަށް ގެންނާނެކަމަށް، ތި ދެކުދިން ވެގެން މި ވިޔަފާރި ބައްޕަމެންނަށްވުރެ ރަނގަޅަށް ހިންގާނޭކަން ޔަޤީން، ކުންފުންޏަށް ބޮޑެތި ކުރިއެރުންތަކެއް އަންނާނެ ތި ދެކުދިން އެކުގައި ވިޔަފާރިއާ ގުޅިއްޖެނަމަ… ވަރަށް ހަރުދަނާ ނިންމުމެއް ރުހައިލު ތި ނިންމީ، ބައްޕަ މިއަދު ވަރަށް އުފާވެއްޖެ” ރުހައިލުގެ ކޮނޑުގައި މަޑުމަޑުން ޖަހާލަމުން މަލީކު ބުނެލިއެވެ. އެއާއެކު ރުހައިލުގެ ނަޒަރު މަލީކުއާ އަމާޒުވެގެންދިޔައެވެ. އެ ދެލޮލުން މަލީކަށް އުފާވެރިކަމުގެ އެއްވެސް މިންވަރެއް ނުފެނުނީތީ ހައިރާންވިއެވެ. އަނެއްކޮޅުން ރުހައިލުގެ ލޮލުން އެކަނި ވެސް އޭނާ އެތައް ވާހަކައެއް މަލީކުއާ ދައްކަން ބޭނުންވެފައި ހުރި ކަހަލައެވެ. އޭނާގެ ހިތުގައިވާ އެއްޗެއް އެ ދެލޮލުން ދެނެގަންނާށޭ މަލީކުގެ ގާތުގައި ބުނާ ކަހަލައެވެ. އިރުކޮޅަކު ރުހައިލަށް ބަލަން ހުރުމަށްފަހު މަލީކު ގަޞްދުކުރީ އެ ކޮޓަރިން ނިކުންނާށެވެ. ދަރިފުޅުގެ އެ ދެ ލޮލަށް ބަލާލުމުން އޭނާއަށް ވެސް ތަފާތު އިހުސާސެއް ކުރެވިގެން ދިޔައީއެވެ.

މަލީކު ނިކުމެގެން ދިއުމާއެކު ރުހައިލު އެނދުގެ މަގަތުގައި އިށީނެވެ. އިސްޖަހާލައިގެން ކޮންމެވެސް ފިކުރަކަށް ގެއްލިފައި އިނެވެ. އެހެން އިންނަތާ އިރުކޮޅެއް ފަހުން ކޮޓަރިއަށް ނައިރާ އައިސް ވަންތަން ފެނުނެވެ.

“މައި ޑިއަރ ހަޒްބަންޑް، މިއްމި ދިން ދެ ޓިކެޓް މިއޮތީ… މޫވީސްއަށް ދާން” ހިނިތުންވެލައިގެން ހުރެ ނައިރާ އައިސް ދެ ޓިކެޓު ރުހައިލަށް ދިއްކޮށްލިއެވެ. ރުހައިލު އިސްއުފުލާލަމުން ނައިރާއަށް ހިނިތުންވުމެއް ބަދަލުކޮށްލިއެވެ.

“ދާނަން ދޯ” ނައިރާ އަހާލިއެވެ. އެއާއެކު ބޯޖަހާލަމުން ރުހައިލު އެނދުން ތެދުވެގެން ކޮޓަރިން ބޭރަށް ނިކުންނަން ދިޔައެވެ.

* * * *

ފިލްމު ނިމުމުން ޝާން އާއި ސޮފޫރާ ސިނަމާ ހޯލުން ނިކުމެގެން ގެއަށް ދިއުމަށް އައިސް ޕާކިން ޒޯނުގައި ހުރި ޝާންގެ ސައިކަލަށް އެރިއެވެ. ސައިކަލު ދުއްވާލަން އުޅުނު ވަގުތު ޝާން، ސޮފޫރާއަށް ގޮވާލިއެވެ.

“އެތިބަ ނިކުންނަނީ ސޮފޫކޮއްކޮ ކިވަން ތިބިގޭ ކުދިން” ޝާން ބޮލުގެ އިޝާރާތުން ސިނަމާއިން ބޭރު މަގުމައްޗަށް ނިކުން ހަތަރުޒުވާނުން ދައްކާލިއެވެ.

“އެތަނުން ރުހައިލަކީ ކޮބާ؟” ސޮފޫރާ އަހާލިއެވެ.

“އެއީ މަލީކުގެ ދަރި، އެތަނުން އެންމެ ރީތިއަންހެންކުއްޖާ އެހުރީ ރުހައިލުގެ އަތުގައި ހިފައިގެން” ޝާން އޮޅުން ފިލުވައިދިނެވެ. އެއާއެކު ސޮފޫރާއަށް އޭނާގެ ނަޒަރު ރުހައިލާ ވަކިކޮށެއް ނުލެވުނެވެ. ހިތުގައި މަޑު ރިހުމެއް އުފެދިގެން ދިޔައެވެ. ރުހައިލުގެ ގާތުގައި ހުރި ނައިރާއަކީ ކާކުކަން ނޭނގުނަސް އޭނާގެ ރީތިކަމަށް ހިތުގައި ހަސަދަވެރިކަން އަނދައިގަތީ ގަޞްދަކާ ނުލައެވެ. ރުހައިލު އިސްޖަހާލައިގެން ހުރިގޮތް ފެނިފައި ސޮފޫރާއަށް ޤަބޫލެއް ނުކުރެވުނެވެ. އޭނާގެ އަތުގައި ހިފާލައިގެން ހުރެ އެ އަންހެންކުއްޖާ ވާހަކަދައްކަމުން ދިޔައިރު ރުހައިލުގެ ދުލުން ބަހެއް ވެސް ބުނެލާ އަޑު ނީވުނެވެ. އެ އަންހެންކުއްޖާ ހިނިތުންވެލައިފިނަމަ ރުހައިލު ވެސް ހިނިތުންވެލައެވެ. ކޮންމެހެން ޖަވާބެއްދޭން ޖެހިއްޖެނަމަ ބޮލުން އިޝާރާތެއްކޮށްލައެވެ. އަރުފީނުދެކެ ރުހައިލު ލޯބިވެދާނެކަން ޤަބޫލުކުރަން ސޮފޫރާއަށް އުނދަގޫވީއެވެ. ގާތުގައި ހުރި އަންހެންކުއްޖާގެ ސަބަބުންނެވެ. ހަތަރު ޒުވާނުން ގޮސް ކާރަށް އެރުމުން ސޮފޫރާ، ޝާންގެ ކޮނޑުގައި މަޑުމަޑުން ޖަހާލިއެވެ. ސައިކަލު ދުއްވާލަންވީކަމުގައި ޝާންއަށް އެނގުނެވެ.

“ކިހިނެއްވީ، އެމީހުން ފެނުނީމަ މޫޑު ގޯސްވީތަ” ސޮފޫރާ މާ މަޑުމަޑުން އިންނަން ފެށުމުން ޝާން އަހާލިއެވެ.

“އެހެނެއްނޫން، ޤަބޫލުކުރަން އުނދަގުލީ، ހިތަށް އަރަނީ ރުހައިލު އަހަރެންގެ ކޮއްކޮއާ ނުބައި ސަމާސާއެއް ކުރީބާއޭ، އަރުފީނުދެކެ ލޯބިވެޔޭ ބުނެ އޭނާގެ ހިތާ ކުޅެލީ ނޫންބާއޭ… އަހަރެންގެ ލޮލަށް ފެނުނު ގޮތެއް ނޫން، ޝާންއަށް ވެސް ބުނެވުނު އެންމެ ރީތި ކުއްޖާއޭ… އެހެންވެ ޤަބޫލުނުކުރެވެނީ، ރުހައިލު އެ އަންހެންކުއްޖާދެކެ ލޯބި ނުވެއެއް ނުހުންނާނެ، އަރުފީނު ދޮގެއް ނުހަދާނެކަން އެނގޭ، އެކަމަކު އޭނާގެ ހިތާ ރުހައިލު ސަމާސާއެއްކޮށްލީ ކަމަކަށް އޭނާ ޤަބޫލެއްނުކުރާނެ، އެހެންވިޔަސް އަހަރެންގެ ހިތް މިހާރު ބުނަނީ އެ ވާނީ ރުހައިލު އަރުފީނާ ކުރި ސަމާސާއެކޭ، އޭނާއަށް އުނިވާނެ އެއްކަމެއް ވެސް ނެތް، އެގޭގައި އަރުފީ ހުރީތީ އެ ދުވަސްކޮޅަށް ފޫހި ފިލުވާލަން ރުހައިލު ކުރިކަމެއްކަން ޔަޤީން، އަރުފީނުގެ ކިބައިން ސަލާމަތްވާންވެގެން އޭނާ އިތުރު ބަހަނާ ދެއްކީ… އެ ދެމެދަށް ބައްޕަވަނީ އޭނާ އެދިގެން ނޫންކަމެއް ވެސް ނޭނގެ، ރުހައިލުގެ ރޭވުމަކަށް ވެސް ވެދާނެ… ނޫންތަ ޝާން” ސޮފޫރާ ބުނެލިއެވެ.

“ތިކަމުގައި އެއްޗެއް ބުނާކަށް އަހަންނަކަށް ނުކެރޭނެ، ހަޤީޤަތް ނޭނގިތިބެ ނިންމުމެއް ނުނިންމޭނެކަން ސޮފޫއަށް ވެސް އެނގެއެއްނު، އަހަންނަށް ހިޔެއްނުވޭ މިރޭ ފެނުނު އެއްވެސް ކަމެއްގެ ވާހަކަ އަރުފީނުގެ ގާތުގައި ދެއްކުން އެއީ ރަނގަޅު ކަމަކަށް ވާނޭހެން، އޭނާ މަޑުމަޑުން އެ މަސައްކަތްކުރަނީ އެ ހަނދާންތަކާ ދުރަށްދާން، އެހެންވީމަ އަހަރުމެން ވެސް ވިސްނަންވާނެ އެކަމަށް” ޝާން ބުނެލިއެވެ.

“އެއްގޮތަކަށް ވެސް ބުނާކަށް ބޭނުމެއްނޫން، އެނގޭ އޭނާ ދެރަވާނޭވަރު… ރަނގަޅުވާނީ އަހަރުމެން ދެމީހުން ވެސް އެވާހަކަ ނުދެއްކީއާ” ސޮފޫރާ މިހެންބުނެ ޝާންގެ ކޮނޑުގައި ދަތްދޮޅި ޖައްސާލިއެވެ.

އަރުފީނުގެ ކިޔެވުން ނިމުމާއެކު އުނައިސް އަވަސްވެގަތީ އަރުފީނަށް ބޭރުގެ ޔުނިވަރސިޓީއަކުން ޖާގަ ހޯދުމަށެވެ. ދަސްވެނިވުމުގެ ސެޓްފިކެޓް ނުލިބެނީސް ޔުނިވަރސިޓީން ދޫކޮށްފައިވާ އަންއޮފިޝަލް ޓްރާސްކްރިޕްޓްގެ އެހީގައި އުނައިސް އެހާ އަވަސް އަރުވާލަން ޖެހުނީ އަރުފީނުގެ އެދުމާއެކުއެވެ. ބޮޑުޗުއްޓީގައި ކުރެވެން އޮތް ސޮފޫރާ އާއި ޝާންގެ ކައިވެނި ނިންމާލުމަށްފަހު އައު އަހަރު ފެށިގެން ގިނަ ދުވަސްތަކެއް ނުވަނީ އަރުފީނު ބޭނުންވީ ކިޔެވުމައިގެން ކުރިއަށް ދާށެވެ. ހުސްވަގުތު ލިބުމުން ބޭކާރު ކަންތައްތަކާ ވިސްނާ ފިކުރުކުރަން އޭނާ ބޭނުންނުވާތީއެވެ. ޗުއްޓީގައި ކުރާނޭ ކަންކަން އުނައިސް ރާވަން ފެށިއެވެ.

ޗުއްޓީ ފެށިގެން ދެވަނަ ހަފްތާގެ ހުކުރުވިލޭރޭ ޝާން އާއި ސޮފޫރާގެ ކައިވެނި ކުރެވުނެވެ. އާދައިގެ ހަފުލާއެއް ބާއްވަން ރޭވި ނަމަވެސް ހަފުލާ ކުޑައެއްނުވިއެވެ. މާލޭގެ މަޝްހޫރު ރެސްޓޯރެންޓެއްގެ ތެރޭގައި ކުލަގަދަކޮށް ބޭއްވުނު ހަފުލާއަށް ދަޢުވަތުދިން މެހެމާނުން އައިސް އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްފައި އެނބުރި ދާން ފެށިއެވެ. އެގޮތުން ހަފުލާ ނިމެން ކައިރިވިއިރު މުޅިތަނުން ފެންނަމުން ދިޔައީ ހަމައެކަނި ޢާއިލާ މީހުންނެވެ. މަޑުފިޔާތޮށި ކުލައިގެ ކައިވެނި ހެދުމުގައި ސޮފޫރާ ހުރިއިރު ހީވަނީ ރަސްދަރިކަނބަލެއް ހެންނެވެ. އިސްތަށިގަނޑު މައްޗަށް ނަގާ ރީތިގޮތަކަށް ހުރިހާ އިސްތަށި ހިފަހައްޓާލާފައި ވެއެވެ. އަދި އެއްފަރާތަށް ވާގޮތަށް ބޮޑުމަލެއް ހަރުކޮށްފައި ހުއްޓެވެ. އެ މަލާއެކު ހަރުކޮށްފައިވާ ތުނިދާގަނޑު ފޮތިކޮޅުން ސޮފޫރާގެ މޫނުގެ ބަޔަކަށް ހިޔަނި އެޅިފައި ހުރިއިރު، އޭގެ އެއްބައި މައްޗަށް އުފުލިފައި ހުއްޓެވެ. ހިނިތުންވެލައިގެން ހުރިއިރު އޭނާގެ ދާދި ގާތުގައި ޝާން ހުއްޓެވެ. ރީތިކޮށް އޮމާންކޮށްލެވިފައިވާ އިސްތަށިގަނޑާއެކު ލޮލުގައި އަޅާފައިވާ ނަންބަރު އައިނުން ވެސް އޭނާގެ ޒުވާންކަން އިތުރުކޮށްދޭ ކަހަލައެވެ. ލާފައި ހުރި ސޫޓާއެކު ހައިބަވަންތަކަން އިތުރުކޮށްދެއެވެ. އެމީހުން ފެންނަ ހިސާބުގައި ހުރި މޭޒެއްގެ ދޮށުގައި އަރުފީނު އިށީނދެލައިގެން އިނެވެ. މޭޒުމަތީގައި ބާއްވާލާފައި އޮތް އަތުގެ ދަށުގައި ހިފައިގެން އުޅުނު ކްލަޗް އޮތެވެ. މަޑުފިޔާތޮށިކުލަ އާއި އަޅިކުލަ އެކުލެވޭހެން ފަހާފައި ހުރި ދިގު ހެދުމުގައި އަރުފީނު ފެންނަނީ އަންހެންވަންތަކޮށެވެ. ކޮނޑާ ހަމައަށް ދިގުވެފައި އޮތް އޭނާގެ ފަންއިސްތަށިގަނދު އެއްފަރާތަށް ގެނެސް ކުދިކުދި މާތަކަކުން ޒީނަތްތެރިކުރެވިފައި ހުއްޓެވެ.

“ލެޓްސް ޑޭންސް” އެންމެން ހަފުލާއެއް ނިކުމެގެން ގޮސް ހަމައެކަނި ޢާއިލާގެ މެންބަރުންނަށް ވީމާ އުނައިސް އައިސް އަރުފީނަށް އެއްއަތް ދިއްކޮށްލަމުން ބުނެލިއެވެ.

“ނޯ ނޯ ނޯ…. އަހަރެން ދުވަހަކު ވެސް ނުނަށަން” ކަންބޮޑުވެފައި އަރުފީނު ބުނެލިއެވެ.

“ސޯ ވަޓް، އަހަރެން އަރުފީނު ވެއްޓުނަކަ ނުދޭނަން، ޓްރައިކޮށްލަން އާދޭ…. މަޖާކަމެކޭ އެއީ” އުނައިސް ދިއްކޮށްލައިގެން ހުރި އަތްތިލަ ތަޅުވާލިއެވެ.

“މި ހީލްސް ގަތަ” އަރުފީނު ކުޑަކޮށް ހެނދުން ހިއްލާލާފައި ފަޔަށް އިޝާރާތްކޮށްލިއެވެ. އޭނާ ސޮފޫރާގެ ކައިވެނި އޮންނަ ދުވަހުގެ މަސްދުވަސް ކުރިން އުސްފައިވާނުގައި ހިނގަން ފަރިތަކުރިއެވެ. ހަފުލާގައި އުނދަގުލެއް ނެތި އޭނާ އެ ދިގު ކަށީގައި ހިނގާލާފައި އުޅުނެވެ. އެހެންނަމަވެސް އެ ފައިވާނުގައި ނެށުމަކީ އޭނާއަށް ވާނޭކަމެއްނޫނެވެ. އުނައިސް ކިޔާވަރުން ނުގޮސް ނީދެވިގެން އެންމެ ފަހުން އުނައިސްގެ އަތުގައި ހިފައިގެން ތެދުވިއެވެ.

އެއްވެސް މިއުޒިކެއްގެ އަޑު ނީވުނުކަމުގައި ވިޔަސް އުނައިސް އަރުފީނުގެ އަތުގައި ހިފައިގެން މިއުޒިކު ސްޓޭޖު ކައިރީ އޮތް ހުސްތަނަށް ޖެހިލިއެވެ. އަދި ދެއަތް ހުޅުވާލުމާއެކު އެއްއަތުން އަރުފީނުގެ އުނަގަނޑުގައި ހިފާލާފައި އަނެއްއަތުގެ ތެރެއަށް އަރުފީނުގެ އަތްތިލަ ލިއެވެ. ހަދަންވީގޮތެއް ނޭނގިފައި ހުރިހެން އަރުފީނު ހުއްޓެވެ.

“ބޭބީ ސްޓެޕް އިނގޭ ނަގާނީ” އުނައިސް ބުނެލިއެވެ. އަދި މަޑުމަޑުން ދެ ކޮޅަށް ހަށިގަނޑު ގެންދަންފެށިއެވެ. އެ މަންޒަރު ބަލަން ދުރުގައި ތިބި އެންމެން ހޭންފެށިއެވެ. ވަކިން ބޮޑަށް ޙައިދަރަށް ހެވުނެވެ. އޭނާގެ އަރުފީނު އަންހެންކުއްޖަކު އުޅޭހެން އުޅުނު ހަނދާނެއް މިނޫނީ އޭނާ ނުވެއެވެ. މިރޭ އަރުފީނު ފެނިފައި އެއީ އަންހެންކުއްޖެއްކަން ޙައިދަރަށް ވެސް ޤަބޫލުކުރެވިއްޖެއެވެ. ނެށުމަކީ އަރުފީނު ދުވަހަކު ވެސް ކުރާނޭކަމެއް ނޫންކަން ޙައިދަރަށް އެނގޭއިރު އުނައިސް އޭނާ ލައްވާ ނައްޓުވަން ކުރާ މަސައްކަތުން ކޮންމެ މީހެއްގެ ކައިރިއަށް ވެސް ހިނިއަންނާނެކަން ޔަޤީނެވެ.

ހަފުލާ ނިންމާފައި އެންމެން ނިކުތީ ޝާން އާއި ސޮފޫރާ ގޮވައިގެންނެވެ. ލިބިފައި ހުރި ހަދިޔާތައް ކާރަށް އެރުވުމާއެކު އެ ދެމަފިރިން ވެސް ކާރަށް އެރިއެވެ. އެމީހުންގެ ފަހަތުން ދެ ޢާއިލާގެ މައިންބަފައިން އެރި ކާރު ދުއްވާލިއެވެ. އެމީހުންނާ ވަކިން އަރުފީނާއި އުނައިސް ޓެކްސީއެއްގައި ދިޔައީ ޝާންމެން ގޭ ކައިރިއަށެވެ.

“މިރޭ އަރުފީ ފެނިފަ ހިތަށް އެރީ ތީ ހަމަ އަރުފީ ބާއޭ، އަހަރެންގެ ސިސް ތިހާ ރީތިކަމެއް ކުރިން ނޭނގޭ” އުނައިސް މިހެން ބުނެލުމުން އަރުފީނު ހީނލިއެވެ. އެއްޗެއް ބުނަން ބޭނުންވެފައި އިނދެ ވެސް ޑްރައިވަރަށް ބަލާލާފައި ދޫ ހިމޭނުން ބޭއްވީއެވެ.

އާތިޤާ އާއި ޙައިދަރު ލޯތްބާއެކު ސޮފޫރާ، ޝާންއާ ހަވާލުކުރިއެވެ. ދަރިފުޅާ ވަކިވަމުން އެތައް ނަޞޭޙަތެއް އާތިޤާ ދިނެވެ. އަންހެންކުއްޖަކު އަނތްބަކަށް ވުމުން ސަމާލުވާންޖެހޭނެ ކަންކަން ބުނެދިނެވެ. ހިތްނުފުރުނު ނަމަވެސް ލުތުފީ އައިސް އާތިޤާގެ ކޮނޑުގައި ހިފާ ގާތްކޮށްލުމުން ދާންވީކަން އާތިޤާއަށް ނަގައިގަނެވުނެވެ. ސޮފޫރާގެ މޫނުގައި ބޮސްދީފައި ޝާންގެ ޢާއިލާއާ ސަލާމްކޮށްލަމުން އެނބުރި އައިސް ކާރަށް އެރިއެވެ. އެކާރަށް ހުރިހާ އެންމެނަށް ނޭރޭނެތީވެ ނިންމީ ޙައިދަރު އާއި އާތިޤާގެ އިތުރުން އުޒައިރު އެ ކާރުގައި ދާގޮތަށެވެ. އަރުފީނު އޭނާގެ ދައްތަ ގާތުގައި އިރުކޮޅަކު މަޑުކޮށްލިއެވެ. އެމީހުންނާއެކު ޝާންގެ ގެއަށް އުނައިސް އާއި އަރުފީނު ވަނެވެ.

“ސޮފޫދައްތައާ ދުރުގައި ދޯ ދެން ހުންނަން ޖެހޭނީ” އަރުފީނު އަހާލިއެވެ. އެއާއެކު ސޮފޫރާ އޭނާގެ ކޮއްކޮގެ ގައިގާ ބައްދާލިއެވެ.

“އަރުފީ ވެސް ތިއުޅެނީ ކިޔަވަން ދާކައްނު، ދެން އަންނާނީ ދެއަހަރު ފަހުން، ނޫންތަ؟ ދައްތައަށް އެނގޭ ޗުއްޓީގަ ވެސް އަރުފީ މާލެއަންނާކަށް ބޭނުމެއްނުވާނެކަން” އަރުފީނުގެ ދެއަތުގައި ހިފަހައްޓާލައިގެން ސޯފާގައި އިން ސޮފޫރާ ބުނެލިއެވެ.

“ތި ދެން ކޮންވާހަކައެއް، ޔޫ ޓޫ ސިސްޓަރސްގެ ވާހަކަތައް ފަހަށް ބާއްވާ، ޝާން މިހާރު ހުންނާނެ އިންތިޒާރުގައި، އަހަރުމެން ހިނގާދަމާ” އުނައިސް އައިސް އަރުފީނުގެ އަތުގައި ދަމާލިއެވެ. ހީނލާފައި ބޯޖަހާލަމުން އަރުފީނު ތެދުވިއެވެ.

“ކާރަކަށް ގުޅީތަ؟” ސޮފޫރާ ވެސް ތެދުވަމުން އަހާލިއެވެ.

“އާން!” އުނައިސް ބުނެލިއެވެ.

“އެއްޗެހި ބަދަލުކޮށްލައިގެން ފުރަންދާން މިދަނީ، ލުތުފީބެ ވަނީ އެއްހަފްތާއަށް ރިސޯޓު ބުކްކޮށްދީފައި” ސޮފޫރާ އުފަލުން ބުނެލިއެވެ. އަރުފީނު ވެސް އުފަލުން ސޮފޫރާގެ އަތުގައި ހިފައިގެން ހުރެ ފުންމާލިއެވެ.

“އޯ ކަމޯން ނައު” އުނައިސް ދެ ފަރާތަށް ބޯހޫރާލާފައި އަރުފީނުގެ ކޮނޑަށް އަތްވައްޓާލަމުން އޭނާ ގޮވައިގެން އެގޭ ދޮރޯށިން ނިކުންނަން ދިޔައެވެ. ސޮފޫރާ ހިނިއައިސްފައި ބަލަން ހުރީއެވެ.

ސޮފޫރާ ދިއުމުން ގޭތެރޭގައި އަރުފީނުގެ ފޫހިފިލުވައިދޭ މީހަކަށް ހަމައެކަނި ހުރީ އުނައިސްއެވެ. އޭނާ ރަނގަޅުކަމުން އަރުފީނުގެ ހިތުގައި ބޭބެއެއްގެ މަޤާމް އުނައިސްއަށް ވަނީ ދެވިފައެވެ. އަރުފީނަށް ދިމާވާ ކޮންމެ ކަމެއްގައި އުނައިސް ބައިވެރިވެއެވެ. ކުރިއަށްދާން މަގު ކޮށައިދެއެވެ. އެއްފަހަރު ވެސް ހުއްޓުން އަރާފައި ދާނޭ ގޮތެއް ނޭނގި ހުންނާކަށް އަރުފީނަކަށް ނުޖެހެއެވެ. އެހެންނަމަވެސް ހިތުގައި ފޮރުވާފައި އޮތްކަމެއް އޭނާ ހާމައެއް ނުކުރެއެވެ. މިހާރު އަރުފީނަށް ހިނިތުންވާން އަލުން ދަސްވެއްޖެއެވެ. ޒަހަމްވެފައިވާ ހިތަށް ޝިފާއެއް ނުލިބުނެއްކަމަކު މިހާރު ތަދެއްނުވެއެވެ. ނޫނީ އެ ވޭނަށް އެއްގޯސްވީއެވެ. ބަރުދާސްތުކުރަން ހޭނުނީއެވެ. އެކަނިވެރި ދިރިއުޅުން ދެކެ ހިތްހަމަޖެހުނީއެވެ. ހަޔާތުގައި ދުވަހަކު ވެސް ބައިވެރިއަކު ހޯދުމުގެ ޝައުގުވެރިކަން ވެސް ގެއްލުނީއެވެ. އެއިން އެއްވެސް ކަމެއް އޭނާ ހާމައެއްނުކުރެއެވެ. ފޮރުވާފައި ވަނީ ހިތުގައެވެ. އެނގެނީ އަމިއްލަ ޟަމީރަށެވެ.

ބޮޑުޗުއްޓީ ނިމިގެން ދިޔައިރު އަރުފީނު ގޮވައިގެން އެކި ރިސޯޓުތައް ބަލާލުމަށް އުނައިސް ދިޔައެވެ. އެމީހުންނާއެކު އާތިޤާ އާއި އުޒައިރު ވެސް ބައިވެރިވިއެވެ. ނޫނު އަތޮޅުގައި ލުތުފީގެ ރަޙުމަތްތެރިން ތިބީތީ އެ އަތޮޅުގެ ރަށްރަށް ބަލާލުމަށް ވެސް އެމީހުން ދިޔައެވެ. ޗުއްޓީ ނިންމާފައި މާލެ އާދެވުމާއެކު އަރުފީނެކޭ ކޮށްޓެއްގައި އިން ދޫންޏެކޭ އެއްގޮތެވެ. އޭނާ ބޭރަށް ނިކުންނާކަށް އެއްގޮތަކަށް ވެސް ޤަބޫލެއް ނުވެއެވެ. އޭނާގެ ހިތް ބުނަނީ ރުހައިލާ ކުރިމަތިލާން ޖެހިދާނެކަމަށެވެ. އެހެންވެ ބޭރަށް ނިކުންނަން ވެސް ބޭނުންނުވަނީއެވެ. އެހެންވިޔަސް އޭނާ ކުރިން ގެންގުޅުނު ފޯނުން ދޭތެރެއަކުން ރުހައިލުގެ ފޮޓޯތައް ބަލައެވެ. އެ ދެމެދުގައި ކުރިން ދެކެވިފައި ހުރި ވާހަކަތައް ކިޔާ ހަދައެވެ. ދެރަވިޔަސް އެކަމުން އުފާވެރިކަމެއް ވެސް އަރުފީނަށް ލިބޭ ކަހަލައެވެ. އެކަން އުނައިސްއަކަށް ވެސް ނޭނގެއެވެ. އައު އަހަރު ފެށި އަރުފީނު ފުރަންވީ ދުވަސް ކައިރިވުމާއެކު އާތިޤާ ވަރަށް ކަންބޮޑުވިއެވެ. އަރުފީނު އެކަނި ފޮނުވާކަށް އެއްގޮތަކަށް ވެސް ހިތްހަމައެއް ނުޖެހުނެވެ. ޢާއިލާގެ ވިޔަފާރީގެ ތެރޭގައި އުނައިސް އުޅޭތީވެ ލުތުފީ ނިންމީ އުނައިސް އަރުފީނާއެކު ފޮނުވުމަށެވެ. އަރުފީނު ކިޔަވާ ނިމިގެން އަންނަންދެން އެކޮޅުގައި އޭނާއާއެކު އުޅުމަށެވެ. ޙައިދަރަށް ވެސް އެ ޚިޔާލު ކަމުދިޔައެވެ.

* * * *

“މަވެސް ފުރަން މިއުޅެނީ، ދެން ނޭނގެ ފެންނާނީ ކޮންދުވަހަކުން ކަމެއް، އެކޮޅުގައި އުޅެން މާ ފަސޭހަ، ގެ ވެސް ބޮޑު، ކުދިން ވެސް ތިބީ އުފަލުން، އެހެންވެ އެކޮޅުގައި އުޅެން ގަސްދުކުރީ، އެކަމަކު މިފަހަރު މިއައިހެން ދޭތެރެއަކުން މާލެ ޖައްސާލާނަން” އާސިޔާ ބުނެލިއެވެ.

“އެހެންތަ، ދެން ރަނގަޅުތާ ދޯ… އާސިޔާ، އަރުފީނުގެ ޚަބަރަކީ ކޮބާ؟ އެގެއަށް ދިޔައިންތަ މިއިން ދުވަހަކު” ޝާރުދާ އަހާލިއެވެ.

“އަހަރެން ފުރާ ވާހަކަ ބުނަން އެގެއަށް ދިޔައިރު، އަރުފީނު ކިޔަވަން ބޭރަށް ފުރައިފި، އެމީހުންގެ ވާހަކަ ހުރިގޮތުން ހިޔެއްނުވޭ އެކުއްޖާ އަވަހަކަށް މާލެ އަންނާނެހެން، ރަނގަޅަށް ވެއްޖެއްޔާ އެކޮޅުން މީހަކާ އިނދެގެން ކަންނޭނގެ އަންނާނީ” އާސިޔާ މާ ނޫންގޮތަކަށް އެންމެ ފަހު ޖުމްލަ އަތުރާލިއެވެ.

ބަގީޗާގައި ސައިބޯން ތިބި އާސިޔާ އާއި ޝާރުދާ ވާހަކަދައްކާ އަޑު ކޮޓަރީގެ ބެލްކަންޏަށް ނިކުމެ ހުރި ރުހައިލަށް އަޑުއިވެއެވެ. ދާދި ދެންމެއަކު އެމީހުން އެ ދެއްކި ވާހަކައަށް ޚާއްޞަ ސަމާލުކަމެއް ރުހައިލަށް ދެވުނެވެ.

މަޑުމަޑުން ހުރި ދިމާ ތިރީގައި ރުހައިލަށް އިށީނދެވުމާއެކު ރެއިލިންގައި ބޯޖައްސާލަމުން މައްޗަށް ބަލާލިއެވެ. އަދި ދެ ލޯ މަރާލަމުން ފުން ވިސްނުމެއްގެ ތެރެއަށް ރުހައިލު ގެއްލޭކަށް ގިނައިރެއް ނުނެގިއެވެ.

“އަހަންނާ ދުރަށް ދަމުންދަމުން ގޮސް އަހަރެން ހުރި ފަސްގަނޑުގައި ވެސް އަރުފީނަށް ހުރުން އުނދަގޫވީތަ؟ ކީއްވެ؟ ލޯބިނުވާނަމަ ތިހެން ތިއުޅެނީ ކީއްވެ؟ އެންމެ ފަހު ފަހަރަށް ދުށުމުގެ ފުރުޞަތު ވެސް ނުދިނީމު… އެންމެ ރަނގަޅު، އަހަރެން ނުދާނަން އަރުފީނު ހޯދާކަށް، ދުވަހަކު ވެސް ނުދާނަން… އަރުފީނަށް ކެތްވަންޏާ އަހަންނަށް ވެސް ކެތްވާނެ، ލޯބިވެވޭނީ އެއްފަހަރު، އަހަންނަށް ލޯބިވެވުނީ އަރުފީނުދެކެ… ހަމައެކަނި އަރުފީނުދެކެ… މިގޮތުގައި މުޅި އުމުރު ވޭތުކުރެވޭނެހާ ހިތްވަރު އަހަރެންގެ އެބަހުރި… އެކަކަށް ވެސް ތިހަނދާންތަކާ އަހަރެން ވަތްކެއްނުކުރެވޭނެ” ކުރުކޮށްލެވުނު ދެފައިގެ ކަކުލުގައި އުޅަންބޮށި ޖައްސާލުމާއެކު ނިތްކުރީގައި ދެއަތުން ހިފަހައްޓާލައިގެން ރުހައިލު އިނެވެ.

“ހާއި ބޭބީ، ކާކާ ތި ވާހަކަދައްކަނީ” ދާދި ކައިރިން ނައިރާގެ އަޑުއިވިގެން ދިޔައެވެ. އެއާއެކު ރުހައިލު އިންތަނުން އަވަސްއަވަހަށް ތެދުވިއެވެ.

“މީހަކާ ނޫން، ކަމެއް ހަނދާންކޮށްލީ” ނައިރާއަށް ފުރަގަސްދެމުން ކޮޓަރިތެރެއަށް ހިނގައިގަތް ރުހައިލު ބުނެލިއެވެ.

“ކޮންކަމެއް” ރުހައިލުގެ ފަހަތުން އައި ނައިރާ އަހާލިއެވެ.

“ކޮންތާކުން ތިއައީ، އަހަރެން ތިރިއަށް ދިޔައިރު މަންމަ ބުނި ނައިރާ ގެއަކު ނެތޭ” ރުހައިލު ބުނެލިއެވެ.

“މިއްމިއާއެކު އެފަޅީގައި އުޅެފައި މިއައީ، ފަޒަލް އެބައުޅޭ” ނައިރާ ބުނެލިއެވެ. އެހެންނަމަވެސް އޭނާ ރުހައިލަށް ބަލަން ހުރީ ފާޑަކަށެވެ. ރުހައިލު ޖަވާބުދޭން ބޭނުންނުވާ ސުވާލެއްނަމަ އޭނާ އެ ސުވާލު އިވުނުކަމަކަށް ނުހަދާނެއެވެ. އޭގެ ބަދަލުގައި ރުހައިލު ވެސް ދެން ކުރާނީ ސުވާލެކެވެ. އޭނާ އެހެން ހަދާކަން ނައިރާއަށް ފާހަގަކުރެވިފައިވެއެވެ. ބައެއްފަހަރު ރުހައިލު ހިތުގައިވަނީ ކީކޭކަން ދެނެގަތުމަށް ނައިރާއަށް އެތައް މަސައްކަތެއް ކުރަންޖެހެއެވެ. އެވަރުން ވެސް ކާމިޔާބުވާގޮތެއްނުވެއެވެ. ނައިރާއަށް ފާހަގަކުރެވެނީ ރުހައިލަކީ ސިއްރުވެރި މީހެއްގެ ގޮތުގައެވެ. އޭނާ ނައިރާއަށް ރަނގަޅު ނަމަވެސް ރުހައިލު ކަންތައްތަކެއް ސިއްރުކުރާހެން ވެސް ނައިރާއަށް ހީވެއެވެ. ނަމަވެސް އެކަމާ ސުވާލު އުފައްދާ ނަހަދަނީ ރުހައިލުގެ ހުރިހާ ވަގުތެއް ހޭދަވެގެން ދަނީ ނައިރާގެ ކުރިމަތީގައި ކަމަށްވީމައެވެ. އޭގެ އިތުރުން ބައެއްމީހުންނަކީ ހިތަށް އަރާ ކޮންމެ އެއްޗެއް ދުލުން ބޭރުކުރާނެ ބައެއްނޫންކަން ވެސް ނައިރާއަށް އެނގޭތީއެވެ.

“ފަޒަލްއާ އެއްކޮށް ބޭރަށް ގޮސްލާފައި އެބަ އަންނަން” ރުހައިލު ބުނެލިއެވެ. ނައިރާ “ހޫން” ލައްވާލިއަޑު ރުހައިލަށް އިވުނެވެ. އޭނާ ޓީޝާޓު ބަދަލުކޮށްލައިގެން ކޮޓަރިން ނިކުތީ ނައިރާއަށް ބަލާލުމެއްނެތިއެވެ.

ބޮޑުކޮޓަރީގައި ނައިރާ އާއި މިލާން ވާހަކައިގައި ތިއްބެވެ. ޝާރުދާ ވަދެގެން އައިތަން ފެނި ވަގުތުން އެމީހުންގެ ވާހަކައަށް ހުއްޓުމެއް އައެވެ. ހިނިތުންވުމެއް ބަދަލުކޮށްލާފައި ޝާރުދާ ގޮސް ސިޑިން މައްޗަށް އަރަންފެށިއެވެ. ލޮލުކޮޅަށް އޭނާ އޮބާލުމުން ނައިރާ ކުރިއަށްވުރެ މިލާންގެ ގާތަށް ޖެހިލާ އޭނާގެ އަތުގައި ހިފާލިއެވެ.

“ސީރިއަސްކޮށްތަ؟” ނައިރާ ކަމެއް ޔަޤީންކުރަން ބޭނުންވީއެވެ.

“ވަރަށް ބޮޑަށް ހީވޭ” މިހެންބުނެލި މިލާންއަށް އޭނާގެ ތިރީތުންފަތުގައި ދައިގަނެވުނެވެ. ނައިރާއަށް ބަލަންއިން އިރު އޭނާގެ ދެ ލޮލުގައި ކަންބޮޑުވުމުގެ އަސަރެއް އެކުލެވިފައި ހުއްޓެވެ.

“ކީއްވެ ކުރިން ނުބުނީ” ނައިރާ ބުނެލިއެވެ.

“ފަޒަލް އެހުންނަނީ އަބަދު ކައިރީގައި ވިއްދާފައި، ކިހިނެއް ބުނާނީ… މިހާރު ވާންޖެހޭ ދުވަސް ފަހަނައަޅައި ހިނިގައްޖެ، ފާޑަކަށް ބޮލުގަ ވެސް ރިއްސަނީ، މެރީކުރި ފަހުން މިހާރު އިޔާއެއް ވަނީ، އެހެންވީމަ ނުވާނެއެކޭ ނުބުނެވޭނެއެއްނު، އެކަމަކު ޔަޤީންކޮށްފައި ނޫނީ ފަޒަލްގެ ގާތުގައި ބުނާކަށް ބޭނުމެއްނޫން، އެނގެއެއްނު މަންމަގެ ގޮތް، މަންމަ ގާތު ބުނާއިރަށް ނޭނގެ ބުނާނީ ކީކޭކަމެއް ވެސް، ލަދު ވެސް ގަނޭ މިކަހަލަ ވާހަކައެއް ދައްކަން، ދެން ހުރި މީހަކީ ނައިރާ… ހިނގާބަލަ ޓެސްޓެއް ހަދަން ދާން” މިލާން ވާހަކަދެއްކީ ސިއްރުންނެވެ.

“އޯ މައި ގޯޑް… ހޮސްޕިޓަލަށް ދިއުމުގެ ކުރިން އިހަށްވީ ގޭގައި ޓެސްޓުކުރަން، ހިނގާ ފާމަސީއަށް، ޓެސްޓުކިޓެއް ގަނެގެން އައިސް އިހަށް ގޭގައި ޓެސްޓުކުރާނީ، ރިޒަލްޓު އަންނަ ގޮތެއް އެނގިދާނެއެއްނު” ނައިރާ މިހެން ބުނުމާއެކު މިލާން ބޯޖަހާލިއެވެ.

“އެބަ އަންނަން ބޭރަށް ދާންއުޅޭ ވާހަކަ މަންމަ ގާތު ބުނެލާފައި” ސޯފާއިން ތެދުވަމުން ނައިރާ ބުނެލިއެވެ.

މިލާން އާއި ނައިރާ ގޭ ކައިރީ ހުރި ފާމަސީއަށް ގޮސްފައި ގިނައިރެއްނުވެ އެނބުރި އައެވެ. ފަޒަލް އާއި މިލާންގެ ކޮޓަރީގައި ނައިރާ މަޑުކޮށްލައިގެން އިންދާ، ފާޚާނާއަށް ވަން މިލާން ކުއްލިއަކަށް ދޮރުހުޅުވާލާފައި ތަންކޮޅެއް ބާރަށް ނައިރާއަށް ގޮވާލިއެވެ. އެއާއެކު ދުވެފައި ކަހަލަ ގޮތަކަށް ނައިރާ އައިސް ފާޚާނާއަށް ވަނެވެ. މޫނު ދޮންނަ ތަށި ކައިރީ އޮތް ކުޑަކަމުދާ އެއްޗެހި ޓެސްޓުކުރާ ކިޓަށް އޭނާގެ ނަޒަރު ހުއްޓުނެވެ.

“އޯ މިއްމީ…” މިލާންގެ ގައިގާ ނައިރާ އޮޅުލައިގަތެވެ. ދެ މީހުން އެކަކު އަނެކަކުގެ ގައިގާ އޮޅުލަމުން ހެނީއެވެ. ފުންމަނީއެވެ. އުފަލުން ގޮސް ކުރެވޭކަމެއް ނޭނގޭ ފަދައިންނެވެ.

“ކޮންގްރާ މައި ޑިއަރ… އަވަހަށް ފަޒަލްއަށް ގުޅާ… އަވަސްކުރޭ، އޭނާ އުފަލުން މޮޔަވާނެ” ޖޯޝާއެކު ނައިރާ ބުނެލިއެވެ.

“ނޫން، ހޮސްޕިޓަލަށް ގޮސް ރިޕޯޓު ގެނެސް ދޭނީ، އަހަރެން ބޭނުންވަނީ ފަޒަލްއަށް ވަރަށް ބޮޑު ސަޕްރައިޒަކަށް ވާން” ހިނިއައިސްފައި ހުރި މިލާން ބުނެލިއެވެ.

މިލާން އާއި ނައިރާ އަވަސްވެގަތީ ހޮސްޕިޓަލަށް ދިއުމަށެވެ. ޝާރުދާގެ ގާތުގައި ރައްޓެހިކުއްޖަކަށް ގޮވާލަން ދަނީކަމުގައި ބުނެ ކާރުގައި ދެ މީހުން ހޮސްޕިޓަލަށް އައެވެ. މާބަނޑުތޯ ބެލުމަށް ހަދާ ލޭގެ ޓެސްޓު މިލާން ހެދިއެވެ. ރިޕޯޓު ލިބެން އަންނަނީ އިރުއޮއްސޭ ފަހުން ކަމަށްވާތީ ދެ މީހުން ނިންމީ ބޭރަށް ނިކުމެލާށެވެ. އެގޮތުން މިލާން އާއި ނައިރާ އައިސް މަޑުކޮށްލީ ލޮނުޒިޔާރަތްކޮޅު ގާޑިޔާތައް ކައިރީގައެވެ.

“މިތަން އޯކޭ އެއްނު” މިލާން ބުނެލިއެވެ. އެއާއެކު ބޭނުންވާ އެއްޗެހި ބުނެފައި ދެ މީހުން އައިސް އެރީ އުސްފަސްގަނޑަށެވެ. އެތަނުގެ ތޮށިމަތީ އިށީނދެލައިގެން ވަށައިގެން ހިނގަމުންދާ ކަންކަމަށް ނަޒަރު ހިންގަން ފެށިއެވެ. ނަމަވެސް ނައިރާއަށް މަޑަކުން ނީނދެވުނެވެ. އޭނާ އުފަލުން ގޮސް މިލާންގެ އަތުގައި ދޭތެރެ ދޭތެރެއިން ހިފާލައެވެ. ދިރިއުޅުމަށް އަންނަން އުޅޭ ބަދަލާއެކު ދެން ކަންތައް ކުރާނީ ކިހިނެއްކަން މިލާންގެ ގާތުން އޮޅުން ފިލުވަން އޭނާ ފެށިއެވެ.

“ހިތަށް އަރާ އަހަރެން ޕްރެގްވާ ދުވަހަކުން ރުހައިލަށް ވާނީ ކިހިނެއްބާއޭ” އިސްޖަހާލައިގެން ދެއަތްތިލައިގެ އިނގިލިތަކާ ކުޅެމުން ނައިރާ ބުނެލިއެވެ.

“އެ ދުވަހުން ރުހައިލު ވެސް މޮޔަވާނެކަން ޔަޤީން، ނައިރާއަށްޓަކައި އޭނާ ނުކުރާނެކަމެއް ނޯންނާނެ” މިލާންއަށް ހަޤީޤަތް އެނގިއެނގި ހުރެ ބުނެލިއެވެ.

“އަސްލުވެސްތަ؟” ނައިރާގެ ލޮލުން އުންމީދުގެ ވިދުވަރެއް ފާޅުވި ކަހަލައެވެ.

“ހޫމް! ހަމަ އަސްލު ވެސް” ނައިރާގެ އަތުގައި އަތްތިލަ ބާއްވާލަމުން މިލާން ހިނިތުންވެލިއެވެ.

“ރުހައިލު ވަރަށް ރަނގަޅު، އޭނާ އަހަރެން ހެޕީކޮށް ބަހައްޓަން ވަރަށް މަސައްކަތްކުރޭ، ހިތްހަމަޖެހޭ އެހެންވެ، އެކަމަކު…. އެކަމަކު ނޭނގެ ކީއްވެކަމެއް، ބައެއްފަހަރު ހީވޭ އަހަރުމެން ދެ މީހުންގެ ދެމެދު ނޭނގޭ ހުސްކަމެއްވާހެން، މިއްމީ، އަހަރެންގެ މި ވާހަކަތައް ދައްކާނެ އިތުރު މީހަކުނެތް، އަހަރެން މިއްމިއަށް ވަރަށް އިތުބާރުކުރަން” ނައިރާގެ ވާހަކަތަކުން މިލާން ހާސްވާގޮތްވިއެވެ.

“ތި ދެ މީހުން އޯކޭއެއް ނޫންތަ؟” މިލާން ސުވާލުކޮށްލިއެވެ.

“ދެން އޯކޭ… އަސްލުވާގޮތަކީ، ރުހައިލު އިސްނުނަގަނީ، އަހަރެން ގާތްވީމަ އެކަނި އޭނާ އިޖާބަދެނީ، ބައެއްފަހަރު ހިތަށް އަރާ ރުހައިލު އައިސް އަހަންނާ ލޯބިން ސަމާސާކޮށްލާނެނަމައޭ، އަހަރެން ބޭނުންނުވިޔަސް އަހަރެންގެ މޫޑު ބަދަލުކޮށްލާ އަހަރެން އޭނާއަށް ބޭނުންވެގެން އާދޭސްކުރާވަރުކޮށްލާނެ ނަމައޭ، ފަހަރެއްގައި މިއްމި ކުރިން ބުނިހެން ރުހައިލަކީ އެހާ ރޮމޭންޓިކު މީހެއް ނޫނީ ކަންނޭނގެ، އޭނާއަށް އެހެން އުޅެން ނޭނގެނީކަމަށް ވެސް ވެދާނެ، ފަޒަލް ކިހާ ލޯބިން މިއްމި ގޮވައިގެން އުޅެނީ، އަބަދު މިއްމި ފަހަތުން ދުވާތަން ފެނޭ، ކޮންމެ ކަމެއްގައި މިއްމިގެ ޚިޔާލު ހޯދާނެ، ހިތަށް އަރާ ރުހައިލު ވެސް އަހަރެންގެ ޚިޔާލު ކަންކަމުގައި ހޯދާނެނަމައޭ… ދެން ނޭނގެ، އެއްވެސް ކަމަކަށް ރުހައިލުގެ ޝައުގުވެރިކަން ހުންނަހެނެއް ހިޔެއްނުވޭ، ކޮންމެކަމެއް ވެސް ކުރަނީ އަހަރެން ބުނީމަ، ބައްޕައާއެކު ވިޔަފާރީގައި ބައިވެރިވީ ވެސް އަހަރެން ބުނީމަ، އަހަރެން ގޮވައިގެން ބޭރަށް ނިކުމެލަނީ އަހަރެން ބުނީމަ… މިހާރު ހިތަށް އަރާ އަހަންނަށް އެއްގޮތަކަށް ވެސް ރުހައިލު ނޭނގެއޭ” ނައިރާ މާޔޫސްވިކަން އޭނާގެ މޫނުމަތިން މިލާންއަށް ފެނިގެން ދިޔައެވެ.

“ރުހައިލުއާ ވާހަކަދައްކަބަލަ، އޭނާ ގާތު ނައިރާ އެދޭގޮތް ބުނެބަލަ…” މިލާން ހިތްވަރުދޭ ފަދަ ގޮތަކަށް ބުނެލިއެވެ.

“ވާހަކަދައްކަން މަސައްކަތްކުރެވޭ، އެކަމަކު ރުހައިލު އެއްބާރުލުން ނުދެންޏާ ކީއްކުރާނީ، ހުރިހާ ކަމަކު ބުނެކިޔައިގެން ކުރުވުމުން ލިބެންޖެހޭ ހިތްހަމަޖެހުމެއް ނުލިބޭ، އެހެން ކުރުވުމުން ހީވަނީ ރުހައިލަށް މަޖުބޫރުކުރެވެނީއޭ” ނައިރާ ބުނެލިއެވެ. އެވަގުތު ގާޑިޔާގެ މީހަކު އައިސް ދެ ކުރުނބާ ދިއްކޮށްލިއެވެ. އަދި ދުފުމަށް ބިލެތްގަނޑެއް ލާފައި އޮތް ކޮތަޅެއް ވެސް ދިއްކޮށްލިއެވެ. އެ މީހާ ދިއުމުން އިރުކޮޅަކު ހިމޭނުން އިނުމަށްފަހު މިލާން ވާހަކަދައްކަން ފެށިއެވެ.

“ފަހަރެއްގައި ބޭބީއެއް ލިބެނިކޮށް ހުރިހާ ކަމެއް ބަދަލު ވެސް ވެދާނެ، ނައިރާ މަސައްކަތްކުރަންވީނު ބޭބީއެއް ލިބޭތޯ، ރުހައިލު އެހެން އުޅުނަސް ނައިރާދެކެ ވަރަށް ލޯބިވޭ، ކިޔަވަން އުޅުނުއިރު ވެސް ރުހައިލުގެ ސިކުނޑީގައި ހިނގާ ޚިޔާލުތަކެއް އަހަރުމެންނަކަށް ނޭނގޭނެ، އެހެންވީމަ ކަންނޭނގެ ލޯބިވާއިރު ވެސް އެކަން ހާމަކުރަން އުނދަގޫވެގެން އެ އުޅެނީ… ނައިރާ ޕްރެގްވަނިކޮށް ރުހައިލުގެ އެގޮތް ބަދަލުވުމަކީ ވެސް ވެދާނެގޮތެއް، ޔަޤީނުން ވެސް އޭނާ ނައިރާ ނޫން މީހަކާ މެދު ނުވިސްނާކަން އެނގޭ” މިލާން މިހެން ބުނުމުން ނައިރާ ހިނިތުންވެލިއެވެ.

ދެމީހުން އެކި ވާހަކައިގައި ތިބީ އަތުގައި އޮތް ބިލެތްގަނޑު ހުސްވަންދެނެވެ. މިލާންގެ ދިރިއުޅުން ފުރިހަމަ ވަމުން އަންނަތަން ފެނި ނައިރާއަށް އޭނާގެ ދިރިއުޅުމުގައި ހުރި އުނިކަންކަން މާބޮޑަށް ފާހަގަކުރެވުނެވެ. އަންހެނަކަށްވެ ހުރެ ހިތުގައި މަންމައަކަށް ވުމުގެ ޝައުގުވެރިކަން ހިނގައިގަތެވެ. މިލާން އާއި ނައިރާގެ ކައިވެނި ކުރެވުނީ އެކުގައި އެއްވަގުތެއްގައެވެ. ނަމަވެސް މިލާންގެ ދިރިއުޅުމުގައި ކުލަޖެހެމުން އަންނަތަން ފެނި ނައިރާއަށް މަޑުމޮޅިކަމެއް އިހުސާސްވެގެން ދިޔައެވެ. އެކަމަކު މިލާންއަށްޓަކައި އޭނާ އުފާވެއެވެ. މިލާންގެ ދިރިއުޅުން މިހާރަށްވުރެ ވެސް ބާއްޖަވެރިވުމަކީ ނައިރާ އެދޭ ގޮތެވެ. އެހެންނަމަވެސް އޭނާއަކީ އިންސާނެކެވެ. ހުވަފެންތަކަކާ އުންމީދުތަކެއް އޭނާ ވެސް އަންނަނީ ދެކެމުންނެވެ. މިލާންއާ ޚިލާފަށް އޭނާއަށް އިހުސާސްކުރެވެނީ ދިރުއުޅުމުގައި ކުލަޖެހޭލެއް ލަސްކަމެވެ. އެ ކުލަތަކުގައި ހިތްއުފާވާކަހަލަ ގޮތްތަކެއް ނެތުމެވެ. އުޖާލާކަމަށްވުރެ ފަނޑުކަމެއް އެކުލެވިފައިވާ ކަމެވެ. އިތުރަށް އަމިއްލަ އިހުސާސްތައް ހާމަ ނުކުރަން ނައިރާ ނިންމީ، މިލާންގެ ހިތަށް އަރާފާނޭ އެއްޗެއްގެ ސަބަބުންނެވެ. މިލާންއަށް ކުރިމަތިވާން އުޅޭ އުފާވެރިކަމާމެދު ނައިރާގެ ހިތުގައި ހަސަދަވެރިކަން އުފެދޭކަށް ޚުދު ނައިރާ ވެސް ބޭނުމެއްނޫނެވެ.

ހޮސްޕިޓަލުން ރިޕޯޓު ނަގައިގެން އައިސް ލިޔާ މޭޒުގެ ދޮށުގައި އިނދެ މިލާން ހިމަދިގު ނޯޓުކޮޅެއް ފޮޓޮއެއްހެން ތައްޔާރުކޮށް ޕްރިންޓު ނަގާލިއެވެ. އަދި ކަރުދާހުން އެ ނޯޓުކޮޅު ކަފާލާފައި ރިޕޯޓު އޮތް ސިޓީއުރައިގެ ތެރެއަށް ލިއެވެ. އިންތިޒާރުގެ ނިމުން އައީ އެނދުގައި މިލާން ވިސްނަން އޮއްވައެވެ. ކޮޓަރިއަށް ވަދެގެން އައި ފަޒަލްގެ މޫނުމަތިން ކަންބޮޑުވުން ފެންނަން ހުއްޓެވެ.

“ނައިރާ ގުޅާފައި ބުނީ ކުއްލިއަކަށް ލޯބި ވަރަށް ބަލިވެއްޖެކަމުގައި، އަވަހަށް ގެއަށް އަންނާށޭ… ވީ އެންމެ އަވަހަކަށް މިއައީ، ކީއްވެތަ ދޫނި ކުރިން ނުބުނީ، ހިނގާ އަވަހަށް ހޮސްޕިޓަލަށް ދާން” ކަންބޮޑުވުމާއިއެކު ފަޒަލް އައިސް މިލާންގެ މަގަތުން އެނދުގައި އިށީނެވެ. ފަޒަލް ދުރަށް ޖައްސާލާފައި މިލާން ތެދުވެ އަތުގައި އޮތް ސިޓީ އުރަ ފަޒަލްއަށް ދިއްކޮށްލިއެވެ.

ސިޓީއުރައަށް ބަލާލުމުން ވަގުތުން އެއީ ހޮސްޕިޓަލް ރިޕޯޓެއްކަން ފަޒަލްއަށް އެނގުނެވެ. އަވަސް އަވަހަށް ސިޓީއުރަ ހުޅުވާލާފައި ރިޕޯޓު ނެގިއެވެ. އޭގައި ލިޔެފައި އޮތް އެއްޗެއް ކިޔަން އެނގުނެއްކަމަކު ކީއްކުރަން ހަދާފައި އޮތް ރިޕޯޓެއްކަމެއް އޭނާއަށް ފަހުމްވާގޮތެއް ނުވިއެވެ.

“މިއީ ކޮން ޓެސްޓެއް، ހޮސްޕިޓަލަށް ދިޔައީތަ؟ ކާކާ އެއްކޮށް ދިޔައީ، މަންމަ ކޮބާ” ފަޒަލްގެ ހާސްކަން ކުޑަވާގޮތެއް ނުވިއެވެ. ސިޓީއުރައިގައި އިތުރަށް އޮތް ކަރުދާސްކޮޅު ފަޒަލްގެ ލޮލުގައި އަޅައިގަތެވެ. އެއީ ކޮންއެއްޗެއްތޯ އަހަމުން ފަޒަލް އެ ކަރުދާސްކޮޅު ނަގާ ބަލާލިއެވެ.

“ވަޓް؟…. ސީރިއަސްލީ… އަހަރެން ބައްޕައަކަށް ވަނީއޭ… ތެދެއްތަމީ” ފަޒަލް ވަގުތުން އައިސް މިލާންގެ ކޮނޑުގެ ދެފަރާތުން ހިފާލިއެވެ. އެހިނދު މިލާން، ފަޒަލްގެ ގައިގާ ބައްދާލިއެވެ. އެވަރުން ފަޒަލްއަށް ފުދުނެވެ. އިތުރު ސުވާލެއް ކުރާކަށް އޭނާ ގަސްދެއްނުކުރިއެވެ. އުފަލުން ގޮސް މިލާން އުރާލިއެވެ. އެ މޫނުގެ އެތަން މިތަނުގައި ބޮސްދޭން ފެށިއެވެ.

“ތެންކިއު ލަވް… ތެންކިއު ސޯ މަޗް…” އުފަލުން ގޮސް ފަޒަލްގެ ލޮލުން ކަރުނަ އައެވެ.

“އެންމެން ކައިރީ ބުނަންވާނެ އެއްނު، އެކަމަކު ފަޒަލްވާނީ ބުނަން، އަހަންނަކަށް ނުކެރޭނެ” ލަދުރަކި ގޮތަކަށް މިލާން ބުނެލިއެވެ.

* * * *

މިލާން ބަލިވެ އިން ވާހަކަ ނައިރާ، ރުހައިލުގެ ގާތުގައި ބުންޏެވެ. އެހެންނަމަވެސް ރުހައިލު އެކަމަށް އެއްވެސް ޖަވާބެއް ނުދިނެވެ. އެއްޗެއް ބުނާނޭ ކަމަށް ނައިރާ އިރުކޮޅަކު މަޑު ވެސް ކޮށްލިއެވެ. އެކަމަކު ރުހައިލުގެ ފަރާތުން އެއްވެސް އިޝާރާތެއް ނުލިބުމުން ތުންކޮޅަށް ގޮތެއް ހަދާލުމާއެކު ކުއްލިއަކަށް ކޮޓަރިން ނިކުމެގެން ނައިރާ ދިޔައެވެ. އޭނާ ތެދުވިގޮތުން ވެސް ނައިރާ އެ ދަނީ ކަމަކާ ނުރުހިގެންކަން ރުހައިލަށް ނަގައިގަނެވުނެވެ.

“ނައިރާ…” ކުއްލިއަކަށް ރުހައިލު ގޮވާލިއެވެ. ނަމަވެސް މިފަހަރު ނައިރާ ނުހުއްޓުނެވެ. ހަލުވިކޮށް އައިސް ލިފްޓުގެ ކުރިމައްޗަށް ހުއްޓި ސުވިޗަށް ފިތާލިއެވެ. ލިފްޓު ހުޅުވޭލެއް ލަސްވެގެން ދެތިން ފަހަރަށް އަރިމަތީގައި ހުރި ސުވިޗަށް އޮބާލާފައި އަނގައިން ފޫހިކަމުގެ އަޑެއް ލައްވާލުމާއެކު ސިޑިއާ ދިމާއަށް ދިޔައެވެ. ހަލުވިކޮށް ސިޑިން ފައިބައިގެން އައި ވަގުތު ބޮޑުކޮޓަރީގެ ސޯފާގައި މަލީކު އާއި ޝުޢައިބު ވާހަކަދައްކަން ތިބިތަން ފެނި ނައިރާގެ ހިނގުން މަޑުޖެހުނެވެ.

“ދަރިފުޅު، މިގަޑީގައި ކޮންތާކަށް” ބޭރަށް ނިކުންނަން ދިޔަ ނައިރާ ފެނި ޝުޢައިބުއާ ދައްކަމުން ދިޔަ ވާހަކަ މަލީކު މަޑުޖައްސާލަމުން ނައިރާއާ ސުވާލުކޮށްލިއެވެ.

“ބަގީޗާއަށް” މަލީކުއާ ހަތަރުކަޅި ހަމަކުރަން އުނދަގޫވެގެން އުޅޭހެން ނައިރާ ބުނެލިއެވެ.

އިތުރަށް މަލީކު އެއްޗެއް ނުބުނުމުން ނައިރާ ޕޯޓިކޯއިން ނިކުމެގެން އައިސް މާގަސްތައް ކައިރީ ހުރި މޭޒުގެ ދޮށުގައި އިށީނެވެ. މޭޒުމަތީ އުޅަންބޮށިކޮޅު ޖައްސާލިގޮތަށް ދެއަތްތިލަ އިން ނިތްކުރީގައި ހިފަހައްޓާލިއެވެ. އިރުކޮޅަކު އެހެން އިނދެފައި ފުން ނޭވާއެއް ލިއެވެ. އަދި ދެއަތްތިލައިން މޫނު ފުހެލަމުން ލޮލުން ފާއްދާލި ކަރުނަތައް ވެސް ފުހެލިއެވެ.

“ނައިރާ…” ދާދި ގާތުން ރުހައިލުގެ އަޑުއިވުނެވެ. ނަމަވެސް ނައިރާ އޭނާއަށް ބަލާނުލުމުން ރުހައިލު ކަންބޮޑުވާގޮތްވިއެވެ.

“ކީއްވެ ކުއްލިއަކަށް ނިކުމެގެން ތި އާއި” ނައިރާއާ ކުރިމަތިވާގޮތަށް ހުރި ގޮނޑީގައި ރުހައިލު އިށީނދެ ސުވާލުކުރިއެވެ.

“ކަމެއް ނުވޭ” އިސްޖަހާލައިގެން އަތުގެ އިނގިލިތަކާ ކުޅެން އިނދެ ނައިރާ ބުނެލިއެވެ.

“ނުވާނެ އެހެނެއް، ކަމެއްނުވެއެއް ނައިރާ އެގޮތަށް ނިކުމެގެން ނުދާނެކަން އަހަންނަށް އެނގޭ” ރުހައިލު ބުނެލިއެވެ. އޭނާގެ ސިކުނޑި މަސައްކަތްކުރަން ފެށީ ނައިރާ ރުއްސާނޭ ގޮތެއް ހޯދުމަށެވެ.

“އަހަރެން ވެސް މިބުނަނީ ހަމަތިހެންނޭ، ރުހައިލަށް ކަމެއްވެއްޖެއޭ…. އެހެންނޫނީ ތިހެން ނޫޅޭނެއޭ، ކީއްވެހޭ އަހަރެން މިވަރަށް އަހާއިރު ވެސް ރުހައިލަށް ނުބުނެވިގެން ތިއުޅެނީ” ނައިރާ ވަރަށް ބޮޑަށް ހިތްހަމަނުޖެހިއްޖެކަން އޭނާގެ ވާހަކައިގެ ރާގު ހުރިގޮތުން ރުހައިލަށް ވިސްނުނެވެ.

“އަހަރެން… ތީ ނައިރާއަށް ހީވާގޮތެއް، އަހަންނަށް އެއްވެސްކަމެއް ނުވެޔޭ، ނައިރާ ކޮންކަމެއްތަ ބޭނުންވަނީ” ނައިރާ ދައްކަން ބޭނުންވެގެން އުޅޭ ވާހަކަ ރުހައިލުގެ ސިކުނޑިއަށް ވިސްނައިގަންނާކަށް އެއްގޮތަކަށް ވެސް ނޭނގުނެވެ.

“ރުހައިލު ތީ އަހަރެންގެ ފިރިމީހާ، ފިރިންނަކީ އަނބިމީހާގެ އަޅެއްނޫން، އަހަރެން ބުނީމަ ނޫނީ ރުހައިލަށް އެއްވެސް ކަމެއް ހަމަ ނޭނގޭތަ؟ އެއްފަހަރު ވެސް ވިސްނާލަބަލަ އަހަރެން ރުހައިލުގެ ކިބައިން ނޭދުނަސް ބޭނުންވާނެ ކަންތައްތަކެއް ހުންނާނެކަން، ކޮންމެ ފަހަރަކު ބުނެކިޔައިގެންތަ ކަންތައްތައް ކުރުވަންޖެހެނީ، އިނދެގެން އުޅޭތާ އެއްއަހަރުވީ، އަދިވެސް ރުހައިލަށް ދެމަފިރިންހެން އުޅެން ނޭނގޭ، އަހަންނާމެދު ޝައުގުވެރިނުވަންޏާ ނުވާކަން ވެސް ބުނީމައެއްނު އެނގޭނީ، ނޫނީ އަހަންނަށް ގޯސްކޮށް ކަމެއްކުރެވެންޏާ ވެސް އެކަން ބުނެބަލަ، އޭރުން ރަނގަޅު ކުރަން އެނގޭނީ، ތިހެން ދޫ ބަންދުކޮށްގެން ހުރިއްޔާ އެއްވެސް ކަމެއް އެނގޭނެތަ…. ރުހައިލަށް ހީވަނީ…” ކުއްލިއަކަށް ނައިރާ ހިމޭންވުމުން އިސްޖަހާލައިގެން އިން ރުހައިލު ނައިރާއަށް ބަލާލިއެވެ. އޭނާގެ ނަޒަރު ހުއްޓިފައި ހުރި ދިމާއަށް ރުހައިލު އެނބުރިލި ތަނާހެން މަލީކުގެ އަޑުއިވުނެވެ.

“ދަރިފުޅުމެން މިތަނުގައި ކީއްތަ ތިކުރަނީ” މަލީކު އައިސް ރުހައިލުގެ ގާތުގައި ހުއްޓިލަމުން ދަރިފުޅުގެ ކޮނޑުގައި އެއްއަތް ބާއްވާލިއެވެ.

“ކަމެއް ނުކުރަން….” ވަގުތުން އިސްޖަހާލި ރުހައިލު ބުނެލިއެވެ.

“މިގަޑީގައި މިތަނަށް ވަރަށް ރީތި ވައިރޯޅި ޖެހޭތީވެ ހަމަ ނިކުމެލީ، ދޯ ރުހައިލު” ވަގުތުން ނައިރާގެ މޫނުމަތީގައިވީ ފޫހިކަން ހިނިތުންވުމަކުން ފަރުދާކޮށްލިއެވެ. މަލީކު އެތަނުގައި ވާހަކަދައްކާލަން މަޑުކޮށްލާފައި އެނބުރި ދިޔައެވެ. އެއާއެކު ނައިރާ އާއި ރުހައިލުގެ ދެމެދަށް ހިމޭންކަން ގަދަވެގަތެވެ. ހަޝަމް ބަދެލަމުން ނައިރާ ގޮނޑީގައި ލެނގިލާފައި އެއްފައި މައްޗަށް އަނެއްފައި އަރުވާލައިގެން ދުރު ބަލަން ފެށިއެވެ. ރުހައިލު އިރުކޮޅަކު ނައިރާގެ ހަރަކާތްތަކަށް ބަލަން އިނދެފައި ފުންނޭވާއެއް ބޭރުކޮށްލިއެވެ. ސިކުނޑީގެ ނާރުތައް ފަޅައިގެން ދާވަރަށް އޭނާ ބާރުލުމާއެކު ގޮތެއް ނިންމައިގެން ތެދުވިއެވެ. އަދި އައިސް ނައިރާގެ ގާތުގައި މަޑުކޮށްލަމުން ދެފަރާތުން ނައިރާގެ ކޮނޑުގައި ފިރުމާލިއެވެ.

“އައި އޭމް ޓްރައިންގ މައި ބެސްޓް… އަހަންނަށް ނައިރާ ބޭނުންވާގޮތް އެނގޭނަމަ ނުބުނީސް އެކަމެއް ކޮށްދޭނަން، އަހަރެން ބޭނުންވަނީ ނައިރާ އަހަންނާއެކު އުފަލުގައި ހުންނަން” ރުހައިލުގެ ވާހަކަ މެދުކަނޑާލަމުން ނައިރާ އެނބުރި ރުހައިލުއާ ކުރިމަތި ލިއެވެ. އަދި ރުހައިލުގެ މޫނުގައި ދެއަތުން ހިފަހައްޓާލިއެވެ.

“ރުހައިލު އަހަންނާއެކު އުފަލުގަތަ ތިހުންނަނީ” އޯގާތެރިކަމާއި ލޯބިން ފުރިގެންވީ ގޮތަކަށް މަޑުމަޑުން ނައިރާ އަހާލިއެވެ. ކުއްލިއަކަށް ޖަވާބުދޭން ރުހައިލަށް އުނދަގޫވިއެވެ. އެހެންނަމަވެސް އޭނާ ނައިރާއާ ނަޒަރު ވަކިކޮށެއް ނުލިއެވެ. ލުއި ހިނިތުންވުމެއް ބަދަލުކޮށްލުމާއެކު ނައިރާގެ ކޯތާފަތުގައި ދެއަތުން ހިފާލާފައި ގެނެސް ނިތްކުރީގައި ބޮސްދިނެވެ. ރުހައިލުގެ އެ ހަރަކާތުން އެކަނި ވެސް ނައިރާ ހީވީ ވިރިގެން ރުހައިލުގެ އަތުގެތެރެއަށް ފޭބި އުއްކޮޅެއް ހެންނެވެ. ރުހައިލުގެ ގައިގާ އޮޅުލައި ގަތުމާއެކު އޭނާއަށް ރޮވިއްޖެއެވެ. ރުހައިލުގެ ގައިން ދޫކޮށްލާކަށް އޭނާ ބޭނުމެއް ނުވިއެވެ.

“އަހަރެން ވަރަށް ލޯބިވޭ ރުހައިލުދެކެ، އެކަމަކު ނޭނގެ ކީއްވެކަމެއް، ބައެއްފަހަރު ހީވަނީ ރުހައިލު އަހަރެންދެކެ ލޯތްބެއް ނުވެޔޭ” ރޮމުން ނައިރާ ބުނެލިއެވެ. އެއާއެކު ރުހައިލަށް ދެ ލޯ މަރާލެވުނެވެ. ހަޤީޤަތް ފޮރުވަން އޭނާ މަސައްކަތްކުރާއިރު ވެސް ކާމިޔާބު ނުވާކަމުގެ ހެއްކަކަށް ނައިރާގެ ވާހަކަތައް ވުމުންނެވެ.

“ދެން އެހެން ނުވިސްނައްޗޭ، އަހަރެން އަބަދުވެސް ހުންނާނީ ނައިރާއާއެކު، ދުވަހަކު ވެސް އަހަރުމެން ދެމީހުން ވަތްކެއްނުވާނެ، ދެން ހުއްޓާލާ…” ރުހައިލު ވަރަށް ގިނަ ވާހަކަދައްކައިގެން ނައިރާ ހުއްޓާލިއެވެ. އޭނާގެ ގާތުގައި ކުޑަކަކޫ ޖަހާލައިގެން އިން ރުހައިލުގެ ޢަމަލުތައް ހުރިލެއް ގާތްކަމުން ނައިރާއަށް ހިތްހަމަޖެހުން ލިބުނެވެ. އަދި ފިރިމީހާ ލޯބިނުވާކަމުގައި ހީކުރެވުނީތީ ދެރަވިއެވެ.

“ރުހައިލު، އަހަރުމެން ވަކިން ކުޑަދުވަސްކޮޅަކަށް ރިސޯޓަކަށް ދަމާ، އަހަރެން ބޭނުންވަނީ އަހަރުމެން ދެމީހުން އެކަނި ވަގުތުކޮޅެއް ހޭދަކޮށްލަން… ޕްލީޒް” ރުހައިލުގެ މޫނުގައި ފިރުމަމުން ނައިރާ ވާހަކަދެއްކިއެވެ.

“ނައިރާ ބޭނުންވަނީ އެގޮތްތައް” ނައިރާގެ އަތްތިލާގައި ހިފާލާފައި ގެނެސް ތުންފަތުގައި ޖައްސާލަމުން އެ އަތްތިލާގައި ރުހައިލު ބޮސްދިނެވެ. އެހިނދު ނިކަން އަވަހަށް ހިނިތުންވެލި ނައިރާ ބޯޖަހާލިއެވެ.

“ނައިރާ ބޭނުން ރިސޯޓެއް ބުނޭ، އަހަރެން ހުރިހާ ކަމެއް ހަމަޖައްސާނަން، އެންމެ ރަނގަޅެއްނު، އެކަމަކު ދެން ރޮއެގެން ނުވާނެ” ރުހައިލު ބުނެލިއެވެ.

“ތެންކިއު، އައި ލަވް ޔޫ ސޯ މަޗް” ނައިރާގެ ލޮލުން މިފަހަރު ނިރާލީ ލޯބީގެ ކަރުނައެވެ. އެ ކަރުނައިގައި ވަނީ އުފާވެރިކަމެވެ. އުންމީދެވެ. ރުހައިލު މަޑުމަޑުން ތެދުވެގެން އައިސް އޭނާ ކުރިން ވެސް އިން ގޮނޑީގައި އިށީނެވެ. އަދި ނައިރާ ދައްކަމުން ދިޔަ ވާހަކަތައް އަޑުއަހަމުން ދިޔައެވެ. ދޭތެރެއަކުން އޭނާ ނައިރާގެ ވާހަކަތަކުގައި ބައިވެރިވަމުން ދިޔައެވެ. އެ ހުރިހާ އިރު އޭނާގެ އަތްތިލާގެ ތެރޭގައި އިނގިލިތައް މަހާލެވިފައި ނައިރާގެ އަތްތިލަ އޮތެވެ. ދުރުގައި މަލީކު ބަލަން ހުރި ކަން ރުހައިލަށް ފާހަގަކުރެވުނީ ދެނެވެ. އޭނާ ނައިރާއަށް ސަމާލުކަން ދެމުން ދިޔައިރު ސިކުނޑީގެ ކަނެއްގައި މަލީކުއާ ބެހޭގޮތުން ސުވާލު އުފައްދަމުން ދިޔައެވެ. ޝާރުދާ އެ ދެމަފިރިން އުޅޭގޮތް އެވަރަށް ނުބަލާއިރު މަލީކު ބަލަންވީ ސަބަބެއް ރުހައިލަކަށް ނުވިސްނުނެވެ. އަރުފީނު އެގެއިން ނިކުމެގެން ދިޔަ ރެއިން ފެށިގެން ރުހައިލުގެ ޟަމީރު ކުރަމުން އައި ސުވާލުތަކުގެ ބޮޅުޕައްޗަށް އަނެއްކާ ވެސް ސުވާލުތައް އިތުރުވެގެން ދިޔައެވެ. އެއްވެސް ޖަވާބެއް ނުލިބުނެވެ.

“ދެން ހިނގާ ކޮޓަރިއަށް ދަމާ، އިރުކޮޅަކުން ކާން ނިކުންނަން ޖެހޭނެ، ތިހެން ހުރެގެން ކާންގޮސްފިއްޔާ މަންމަ ވަގުތުން ސުވާލު ކުރާނެ ނައިރާއަށް ވީގޮތަކާއި މެދު” ރުހައިލު ބުނެލިއެވެ. އެއާއެކު ބޯޖަހާލަމުން ނައިރާ ތެދުވިއެވެ. އޭނާއާއެކު ރުހައިލު ވެސް ތެދުވިއެވެ. ލޯބިން އައިސް ރުހައިލުގެ އަތުގެ ތެރެއަށް ވަދެ އޭނާގެ ގައިގާ ލައްވެލައިގެން ހުރެގެން އެކުގައި ހިނގާފައި އައިސް ގެއަށް ވަނެވެ. އެމީހުން ތެދުވުމާއެކު މަލީކު ޕޯޓިކޯއިން އެތެރެއަށް ވަންތަން ވެސް ރުހައިލަށް ފެނުނެވެ.

ރޭގަނޑުގެ ކެއުމުގެ މެހެނާޒުގެ ޢާއިލާ ވެސް ޝާރުދާމެންނާ ބައިވެރިވިއެވެ. ކޮންމެހެން ވެސް ދޭންޖެހޭ މުހިންމު ޚަބަރެއް އޮވެގެން މެހެނާޒު އުޅޭތީއެވެ. ކާމޭޒުދޮށުގައި ދެ ޢާއިލާގެ ހުރިހާ މެންބަރުން ހަމަވިއިރު، ފަޒަލްގެ މޫނުމަތިން ފެންނަ އާދަޔާ ޚިލާފު ހިނިތުންވުމާއި މިލާންގެ މޫނުމަތީގައިވި ލަދުވެތިކަން ނައިރާއަށް ފާހަގަކުރެވުނެވެ. ކުރިއަށް ވާންއުޅެނީ ކީއްކުރަން އޭނާއަށް ލަފާކޮށްލެވުނީ މިލާން ހުރިހާ ވާހަކައެއް ކިޔައިދީފައި އޮތުމުންނެވެ. އޭގެ އިތުރުން ފަޒަލްގެ މޫނުމަތިން ފެންނަން ހުރި ހިނިތުންވުމެވެ. މެހެނާޒު އަވަސް އަވަހަށް މިލާން ބަލިވެ އިންކަމުގެ ޚަބަރު ކާމޭޒުމައްޗަށް ހުށަހަޅާލިއެވެ. އެއާއެކު ޝާރުދާގެ މޫނުމަތިން ވެސް އަޖައިބުގެ ކުލަވަރު ފެނިގެންދިޔައެވެ. މަލީކު، ޝުޢައިބުގެ ކޮނޑުގައި ޖަހާލަމުން ސަލާމްކޮށްލިއެވެ.

“ކާފަ، މާމަ ވީ ދޯ” މަލީކު ބުނެލިއެވެ. އެހިނދު މިލާން އިސްޖަހާލިގޮތުން އޭނާ ކުރިއަށްވުރެ ލަދުގަތްކަން މޫނުމަތި ހެކިދިނެވެ.

އެންމެންގެ މޫނުމަތިން އުފާވެރިކަން ފާޅުވެގެން ދިޔައެވެ. ރުހައިލު ވެސް އެކުވެރިޔާގެ އުފަލުގައި އެންމެ ފުރިހަމަ ގޮތުގައި ބައިވެރިވިއެވެ. ނަމަވެސް އޭނާގެ މޫނުމަތީގައިވި ހިނިތުންވުން ގެއްލުނީ މެހެނާޒު އިނދެފައި ބުނެލި އެއްޗަކުންނެވެ.

“ދެން އޮތީ އަހަރުމެންގެ ނައިރާގެ ފަހަރު” މެހެނާޒު މިހެން ބުނުމުން ޝާރުދާ އެކަމަށް މާބޮޑު ހިތްވަރެއްނުދިނެވެ. ލުއި ހިނިތުންވުމަކުން ނިންމާލީއެވެ. ޝާރުދާ އެއްޗެއް ނުބުނާތީ މަލީކު ވެސް އެކަމާ އިސްވެ އެއްޗެއް ބުނަން ބޭނުންނުވީއެވެ.

* * * *

ޖެހިގެން އައި ދުވަހު ރުހައިލު އޮފީހުން އަންނަންވާއިރަށް ނައިރާ ދަތުރުގެ ކަންކަން ރާވާ ނިންމާލިއެވެ. ރުހައިލު، މަލީކުއާއެކު އޮފީހުން އައިސް ގެއަށް ވަންނަން ވާއިރަށް ނައިރާ އޭނާގެ އަތުގައި ހިފައިގެން ކޮޓަރިއަށް މިސްރާބު ޖެހިއެވެ. އެ މަންޒަރު ފެނި މަލީކު ކުޑަކޮށް ހީނލިއެވެ.

ކޮޓަރިއަށް ރުހައިލު ވަނުމާއެކު، ނައިރާ ވާހަކަދައްކަން ފެށިއެވެ. އޭނާ ދާން ބޭނުންވާ ރުސޯޓާއި ޗުއްޓީގެ މުއްދަތު ކަނޑައެޅިއެވެ. އޭނާގެ ވާހަކަތައް ނިންމާލާފައި ރުހައިލުގެ ޚިޔާލަކީ ކޮބައިތޯ އަހާލިއެވެ. އެއާއެކު އޭނާ އާދައިގެ މަތީން ބުނާ ގޮތަށް ބުނެލިއެވެ.

“ނައިރާއަށް ފެންނަގޮތެއް، އަހަރެން މިހިރީ ނައިރާ އުފަލުގައި ގެންގުޅެން” ރުހައިލު މިހެން ބުނުމުން ނައިރާ ހިނިތުންވެލިއެވެ. އަދި ލޯބިން އައިސް ރުހައިލުއާ ގައިގޯޅިވެލިއެވެ. ދެކޮޅު ހެދުމުގެ ބަދަލުގައި ނައިރާ ސަމާސާކުރުމަށް އޭނާ ފުރުޞަތު ދިނެވެ. އެ ކުދިކުދި ސަމާސާތަކުގެ ނިމުން އަންނާނީ ކިހިނެއްކަން އެނގި ހުރެއެވެ. ނައިރާގެ އުފާވެރިކަމަށް ހުރަސް އަޅަން ބޭނުންނުވާތީއެވެ.

ޝާރުދާ އައިސް މަލީކުގެ ގާތުގައި އިށީންނަމުން، ރުހައިލު އާއި ނައިރާ ޗުއްޓީއަކަށް ފުރަން އުޅޭ ވާހަކަ ބުނެލިއެވެ. އެކަންވީ މަލީކު ވަރަށް ތާޢީދު ކުރާ ކަމަކަށެވެ. އެހެންނަމަވެސް ޝާރުދާ ސުވާލެއް އުފެއްދިއެވެ. އެކަމުން މަލީކު ނުތަނަވަސް ކުރުވިއެވެ.

“ރުހައިލު ބަދަލުވެއްޖެހެން މަލީކަކަށް ހިޔެއްނުވޭތަ؟” ޝާރުދާ އަހާލިއެވެ.

“އިހުނަށްވުރެ ރުހައިލު ހަރުދަނާ ވެއްޖެއެއްނު، އަހަންނާއެކު ވިޔަފާރީގެ ކަންކަމުގައި ވެސް މިހާރު ބައިވެރިވޭ” ލުއިގޮތަކަށް މަލީކު ބުނެލިއެވެ. ހީވީ ޝާރުދާގެ ވިސްނުން އެހެން ދިމާއަކަށް އަނބުރާލަން ބޭނުންވީ ހެނެވެ.

“ހަރުދަނާނޫން ވާހަކައެއް ނުބުނަން، އެހެންވިޔަސް ރުހައިލުގެ ޠަބީޢަތަށް ބަދަލުތަކެއް އައިސްފިހެން ހީވަނީ، މަޑުމައިތިރިވެފައި ގޭތެރޭގެ ކަންކަމުގައި ބައިވެރިވާލެއް ވަރަށް މަދު، އެއްގޮތަކަށް ނުފެނެޔޭ ބުންޏަސް ގޯހެއްނުވާނެ… މަލީކު، ރުހައިލު ކަމަކާ ފިކުރުކުރަނީތަ؟ އަނެއްކާ ނައިރާ އާއި ދެ ކުދިންގެ މެދުގައި ކަމެއް ގޯސްކޮށް ހިނގަނީބާ” ޝާރުދާ ކަންބޮޑުވުން ފާޅުކުރިއެވެ.

“އެ ދެކުދިން އުޅެނީ ވަރަށް އުފަލުގައި، ޝާރުދާއެއްނު ދެންމެއަކު ބުނީ ދުވަސްކޮޅަކަށް އެކުދިން ޗުއްޓީއަކަށް ފުރަން އުޅޭ ވާހަކަ، އަހަރެން ގާތު އަދި ނުބުނޭ… ހީވަނީ މިރޭ ބުނާނެހެން، އެ ދެ ކުދިން ވެސް މިހާރު ވިސްނާނީ ޢާއިލާއެއް ބިނާކުރުމަށް، އަހަރުމެން ރަނގަޅުވާނީ އެކުދިންގެ ދިރިއުޅުމުގެ ތެރެއަށް ނުވަނީއާ” މަލީކު ބުނެލިއެވެ.

“ހިތަށް އަރާ އިޒުވާނު އަންނާނެ ނަމައޭ މިޢާއިލާގެ ތެރޭ އުޅެން، އަހަރެން އެންމެ ދެރަވަނީ އިޒުވާނަށް ކުއްޖަކު ލިބޭ ދުވަހުން އެކުއްޖާ އެމީހުންގެ ތެރޭގައި ހުރެ ބޮޑުވާނޭތީވެ، މާތްވެގެންވާ އިސްލާމްދީނުގެ ހުކުމްތައް އެ ކުއްޖާއަށް ނޭނގި، އަހަރުމެންގެ ސަޤާފަތާއި އާދަކާދަތައް ވެސް ނޭނގި ހުރެ ބޮޑުވާނޭތީވެ، ބައެއް ފަހަރު ހިތަށް އަރާ އިޒުވާނުގެ ގާތުގައި ބުނެފާނަމޭ ދެން އަންނާށޭ ޝެރީލް ގޮވައިގެން ރާއްޖެއަށް، މަންމަމެންނާއެކު މިގޭގައި އުޅެން… މިގޭގައި އިޒުވާނާއި ރުހައިލަށް ކުދިން ލިބުނަސް އުޅެވޭނޭހާ ތަން އެބައޮތް، އަހަރުމެން ވެސް ދުނިޔޭގައި ތިބިއްޔާ އުމުރުން ދުވަސްވަމުން ދާނީ، ގައިބާރު ދެރަވެ މުސްކުޅިވާ ދުވަހު ހުރިހާ ކުދިން އެއްފުރާޅެއްގެ ދަށުގައި އުޅޭތަން ބަލާލުމުގެ ނަސީބު ލިބޭނެނަމައޭ ހިތަށް އަރާ” ޝާރުދާ ފުންނޭވާއެއް ލަމުން މަޑުމަޑުން މަލީކުގެ ކޮނޑުގައި ބޯޖައްސާލިއެވެ.

“އިޒުވާނު ނާންނާނެ، އޭނާ ރުހައިލުގެ ކައިވެންޏަށް މާލެ އައިސް ހުރިއިރު އަހަރެން ވަރަށް ގިނަ ވާހަކަ ދެއްކިން، އެހެންނަމަވެސް އޭނާގެ ޚިޔާލު ހުރީ ޝެރީލް އާއިއެކު ލަންޑަނުގައި އުޅެން، ޢާއިލާގެ ވިޔަފާރީގައި ބައިވެރިވާކަށް ވެސް، މިގޭގައި ދިރިއުޅެން އަންނާކަށް ވެސް އޭނާ ގަސްދެއްނުކުރޭ، އޭނާ އެދުނީ އަހަރުމެން އެކޮޅަށް ބަދަލުވުމަށް، އެކޮޅުގައި އޭނާގެ އިތުރު ގެއެއް ހުންނާނެކަމާ، މިހާރު ޝެރީލްގެ ބައްޕަގެ ވިޔަފާރީގައި އޭނާގެ ޚިއްޞާ ވެސް އޮތުމުން ހުރިހާ ކަމެއް ދޫކޮށްލާފައި އަންނަން އިޒުވާނު ތައްޔާރެއްނޫން، އޭނާއަށް އެއްވެސް އެއްޗެއް އުނި ނުވާނެކަން ވިސްނައިދޭން ވެސް މަސައްކަތްކުރެވުނު، އެކަމަކު އޭނާގެ ނިންމުން ބަދަލެއްނުވި، އެހެންނުވާނީ، މިހާރު އޭނާގެ މައިންބަފައިންނަކީ ވެސް އެމީހުން” މަލީކުގެ އަޑުގައި ހުރި ހިތްހަމަނުޖެހުން ޝާރުދާއަށް އިހުސާސްކުރެވުނެވެ. އިތުރަށް އެއްޗެއް އޭނާ ނުބުނީ އެހެންވެކަންނޭނގެއެވެ.

“ހިނގާ ކާން ދަމާ” ރޭގަނޑުގެ ކެއުމުގެ ވަގުތު ކައިރިވުމުން މަލީކު ބުނެލިއެވެ. އެއްޗެއް ނުބުނެ އިން ޝާރުދާ ތެދުވެގެން މަލީކު އާއިއެކު ހިނގައިގަތީ ކާކޮޓަރިއާ ދިމާއަށް ދިއުމަށެވެ.

ރޭގަނޑުގެ ކެއުމުގައި ރުހައިލުގެ ދެމަފިރިން ވެސް ބައިވެރިވިއެވެ. އެމީހުން ފުރަން އުޅޭކަން ރުހައިލު އިސްވެ ބުނާނެކަމުގައި މަލީކު ހީކުރިއެވެ. ނަމަވެސް އެވާހަކަފެށީ ނައިރާއެވެ. އޭނާ ވާހަކައިގައި އިނދެ ރުހައިލުގެ އަތްތުގައި އަތްޖައްސާލިއެވެ. އެއާއެކު ރުހައިލު އޭނާގެ ނަޒަރު ކާންއިން ތަށްޓާ ވަކިކޮށްލަމުން ނައިރާއަށް ބަލާލިއެވެ. އަދި ހިނިތުންވުމެއް އޭނާގެ ތުންފަތުން ފާޅުވެގެން ދިޔައީ ނައިރާ އޭނާގެ އެއްބާރުލުމަށް އެދޭހެން ހީވެގެންނެވެ. ނަމަވެސް އޭނާ އެއްވެސް ވާހަކައެއް ނުދެއްކިއެވެ. ކައިނިމިގެން އެންމެނަށްވުރެ ކުރިން އޭނާ ކާކޮޓަރިން ނިކުތެވެ. އެކަމާ ޝަކުވާގެ ނަޒަރަކުން ޝާރުދާ ބަލާލުން ފިޔަވާ އެކަކަށް ވެސް އެއްޗެއް ބުނާކަށް ނުކެރުނެވެ.

* * * *

ދެހަފްތާއަށް ނެގި ޗުއްޓީ އެއް މަސް ދުވަހަށް ދިގު ދެމިގެން ދިޔައީ ނައިރާގެ ސަބަބުންނެވެ. އެއް ރިސޯޓުން އަނެއް ރިސޯޓަށް ދަތުރު ކުރަމުން ދިޔަ ނައިރާ ޗުއްޓީގެ ދުވަސްތައް ނިންމާލުމަށް އެއްގޮތަކަށް ވެސް ޤަބޫލެއްނުވިއެވެ. ނައިރާ ގޮވައިގެން ފުރި އިރު މިހެން ވެދާނެކަމަކަށް އެއްފަހަރު ވެސް ރުހައިލު ހިތަކަށް ނާރައެވެ. އެހެންނަމަވެސް ނައިރާގެ މޫނުމަތިން ފެންނަ ހިތްހަމަޖެހުމުގެ އަސަރުތަކާ އަބަދުމެ ހިނިތުންވެލާފައި ހުންނަ ހުރުން ރުހައިލުގެ ހިތަށް ވެސް ފިނިކަމެއް ލިއްބައިދިނެވެ. ގަސްދަކާނުލާ ވިޔަސް ރުހައިލުގެ ސަބަބުން ނައިރާ މާޔޫސްވާކަން ޚުދު ރުހައިލަށް އެނގެއެވެ. ނައިރާގެ ހުށަހެޅުމާ ދެކޮޅު ނުހެދުނީ އެހެންވެއެވެ. އޭގެ އިތުރުން މިލާން ބަލިވެއިންކަމުގެ ޚަބަރު ލިބުމާއެކު ނައިރާގެ ޠަބީޢަތަށް ބަދަލުތަކެއް އައިކަން ރުހައިލަށް ފާހަގަ ކުރެވުނެވެ. ޢާއިލާ ރޭވުމާ ގުޅޭ ގޮތުން ނައިރާ ވާހަކަދައްކަން ބޭނުންވިޔަސް އެ ފުރުޞަތު މިހާތަނަށް ރުހައިލު، ނައިރާއަށް ދީފައެއްނުވެއެވެ. އެކަމަށް އޭނާ އަދި ބޭނުންނުވަނީއެވެ. އަމިއްލަ ޟަމީރު ވެސް އެ ފަދަ މަސްޢޫލިއްޔަތެއް އުފުލުމަށް ތައްޔާރު ނޫނީއެވެ. އެހެންވެ ދެމަފިރިކަމުގެ ގުޅުން ހިންގުމުގައި އޭނާ ވަރަށް ބޮޑަށް ސަމާލުވެއެވެ. ހުރަސް ބޭނުންކުރަމުން އައި ނަމަވެސް އެކަން ވަނީ ނައިރާ ހުއްޓުވާފައެވެ. ނައިރާއަށް ވޭން ލިބޭކަމެއްކަމުގައި އެކަން ވާތީއެވެ. އިތުރަށް އެގުޅުން ކުރިއަށް ގެންދިއުމުގެ ޝަރުތެއްގެ ގޮތުގައި ރުހައިލު، ނައިރާ ލައްވާ ދަރިމައިނުވާ ބޭސް ކާން އެއްބަސް ކުރުވިއެވެ. އަދި ބޭސްކައިތޯ އޭނާ ޖަގީން ކުރެއެވެ.

ރީތި ދޮންވެލި ތުނޑީގައި ހުރި ބޮޑުކުޑައެއްގެ ދޮށުގައި ދެ ބީޗުގޮނޑި ހުއްޓެވެ. އެއްފަރާތުގައި ހުރި ކުޑަމޭޒުމަތީ ދެ މީހަކަށްޓަކައި ޚާއްޞަކުރެވިފައިވާ މަޑުރަތްކުލައަކާއި އޮރެންޖުކުލައެއްގައި ހުރި ބުއިމެއް އަޅާފައިވާ ދެ ތަށިހުއްޓެވެ. އެތަނުން އެއްގޮނޑީގައި ދެފައިވަށްކޮށްލައިގެން ރުހައިލު އިނެވެ. އޭނާގެ ނަޒަރު ހުއްޓިފައި ހުރީ ކުރިމަތިން ފެންނަން ހުރި ނައިރާއަށެވެ. އެތަނުގައި އެވަގުތު އެ ދެމަފިރިން ފިޔަވާ އިތުރު އިންސާނަކު ނުވެއެވެ. ރާޅުތައް އައިސް ނައިރާގެ ފައިގައި ބޮސްދީފައި ދެމިގަންނަ ކޮންމެ ފަހަރަކު އެ ރީތި ތުންފަތުގައި ހިތްގައިމު ހިނިތުންވުމެއް ދުވެލައެވެ. އޮއްސެމުން އައި އިރުގެ ހިތްގައިމު ރަންކުލަތައް ދުރުދުރަށް ފެންނަން އޮތް ފަޅުގެ ތެރެއަށް ވިރުވާ އަޅާފައި އޮތްކަހަލައެވެ. ނޫކުލައިގެ އެއްވެސް މިންވަރެއް ފާޅުނުވަނީއެވެ. ފަޒާގައިވާ ލުއިލުއި ވައިރޯޅިތަކުން މޫދުގައި އުފެދިފައިވަނީ ހިމޭން ބާނިތަކެކެވެ. ކަންފަތަށް ފަސޭހަ ރޫޙަށް ދިރުންގެނުވާފަދަ މިއުޒިކެއް ވަށައިގެން އިވެމުންދާ ކަހަލައެވެ. އޮއްސެންދާ އިރާއެކު ފަޒާގައި އެނބުރެމުންދިޔަ ވައިރޯޅިތަކުގައި ތެތްކަމެއް އެކުލެވެމުންދިޔައެވެ. ނިއުޅާލާފައި އޮތް އިސްތަށިގަނޑު އެއްފަރާތަށް ގެނެސް، ގައިގާ އޮޅާލައިގެން ހުރި ޝޯލްގެ ތެރޭ އިހުނަށްވުރެ ބޮޑަށް ނައިރާ ހަށިގަނޑު ފޮރުވާލިއެވެ. އެހިތްގައިމު ވަގުތުކޮޅު ނިމުމަކަށް ގެނުވީ އެތަނުގައި ތިބުމުގެ ވަގުތު ހަމަވެއްޖެކަމުގައި ރިސޯޓުގެ މުވައްޒަފަކު އައިސް އަންގާލުމުންނެވެ. ދާންބޭނުންނުވެފައި ހުރި ކަހަލަ ގޮތަކަށް ނައިރާ ފުންނޭވާއެއް ބޭރުކޮށްލަމުން އައިސް ކޮޅަށް ތެދުވި ރުހައިލުގެ އަތުގައި ދެ އަތުން ހިފާލިއެވެ.

“މީ ޕްރައިވެޓް ސަރަޙައްދެއް، ނައިރާ ސަންސެޓް ބަލާލާކަށްނު ބޭނުންވީ، އެހެންވީމަ ބޭނުންހާއިރެއްވާންދެން މިތާކު ނުތިބެވޭނެ” ނައިރާގެ މޫނަށް ހަދާލިގޮތުން ރުހައިލު ބުނެލިއެވެ.

“ރޫމް ކައިރީ ބީޗްގަ މަޑުކޮށްލައިގެން ތިބޭނީ ދޯ” ނައިރާ ހިނިތުންވެލިއެވެ. ރުހައިލު ބޯޖަހާލަމުން ކުރިއަށް ހިނގައިގަތެވެ. އޭރު އެމީހުން ބަލާ އައި މީހާ ރަށުތެރެއަށް ދާންއޮތް ވެހިކަލަށް އަރާ ހަމަޖެހިލައިފިއެވެ. ރުހައިލު އާއި ނައިރާ ވެސް އައިސް އެއަށް އެރިއެވެ.

ރުހައިލާއި ނައިރާ ގޭގައި ނެތި ގިނަ ދުވަސް ވާތީ އެންމެފަހުން ނުހުރެވިގެން ޝާރުދާ އެ ކުދިންނަށް ގުޅިއެވެ. އަދި މާލެ އަންނަނީ ކޮންއިރަކުންތޯ އަހާ އޮޅުން ފިލުވަންފެށިއެވެ. ރުހައިލަށް ދޭނެ ޖަވާބެއް ނޭނގުނެވެ. އޭނާ ބުނަނީ ނައިރާގެ ގާތުން އެ ސުވާލަށް ޖަވާބު ހޯދުމަށެވެ. ޝާރުދާގެ ގާތުގައި ވެސް ރުހައިލު ބުނެފައިވަނީ ނައިރާ މާލެ އަންނަން އަދި ބޭނުންނުވާތީ މަޑުކޮށްލައިގެން ހުރީ ކަމުގައެވެ. އެހެންނަމަވެސް ޝާރުދާ ގުޅުމުން ރުހައިލަށް އިތުރު ހިތްވަރެއް ލިބުނެވެ.

ރޭގަނޑުގެ ކެއުން ނިންމާލާފައި ދެމަފިރިން ތިބުމަށް ޚާއްޞަކުރެވިފައިވާ ކޮޓަރިއާ ދިމާއަށް ދަމުން ރުހައިލު އަނެއްކާ ވެސް މާލެ ދާ ވާހަކަދައްކަން ފެށިއެވެ.

“ނައިރާ، މަންމަ ވެސް އެ ގުޅީ އަހަރުމެން މިކޮޅުގައި މާގިނަ ދުވަސްވާތީ، ބައްޕައާއެކު އޮފީހުގެ މަސައްކަތްތައް ފަށައިގެން ގިނަ ދުވަހެއް ނުވަނީސް ޗުއްޓީ މި ނެގީ، ބައްޕަ ހީކުރާނީ ކީކޭ، ނައިރާ ދޯ ބުނީ ވެސް އަހަރެން ޒިންމާދާރުވާން، ބައްޕަގެ ވިޔަފާރީގައި ބައިވެރިވާން ވެސް، ފައިސާ ހުއްޓެއްކަމަކު ޚަރަދު ކުރަން ވަކި މިންގަނޑެއް ގެންގުޅެންވާނެއެއްނު، ހަތް ރިސޯޓަށް މިހާރު ވެސް ދެވިއްޖެ، އަނެއްކާ ނައިރާ މާލެ ދާން ބޭނުންނުވާ ސަބަބެއް އޮތީތަ؟” ވާހަކަދައްކަމުން އައިސް ކޮޓަރީގެ ބޭރުގައި ރުހައިލު މަޑުކޮށްލިއެވެ.

“އަހަރެން މާލެ ނުދާކަށް ނޫޅެމޭ، މިހެން އުޅެލަން ކިހާ އުފާވެރިތަ؟ ހީވަނީ އަދިވެސް ހަނީމޫންގެ ދުވަސްތައް ނުނިމޭހެން. ރުހައިލު އުފަލެއްނުވޭތަ؟” ނައިރާ ބުނެލިއެވެ.

އެރޭގެ ވާހަކަ ވެސް ވަކި ކޮޅެއްގައި ޖެހޭ ގޮތެއްނުވިއެވެ. ޖެހިގެން އައި ދުވަހު ރުހައިލަށް ހޭލެވުނީ ނައިރާގެ އަޑުއިވިގެންނެވެ. ފުންމައިގެން ތެދުވެވުނު އިރު ފާޚާނާގައި ނައިރާ އުޅެއެވެ. ދޮރުލައްޕާފައި ހުރުމުން ރުހައިލު އައިސް ދޮރުގައި ޓަކި ޖަހަމުން ނައިރާއަށް ގޮވާލިއެވެ.

“ނައިރާ، އާ ޔޫ އޯކޭ… ހޮޑުލަނީތަ؟” ރުހައިލަށް އިވުނު އަޑާއިއެކު އޭނާއަށް އަހާލެވުނެވެ. ނައިރާ ވަކި ޖަވާބެއް ނުދިނެވެ. ފާޚާނާގެ ތެރެއިން ފެންއިސްކުރުން ފެން އޮހޭއަޑު އިވެމުންދިޔައެވެ. އިރުކޮޅަކު ފާޚާނާގެ ދޮރުމަތީ މަޑުކޮށްލައިގެން ހުރުމަށްފަހު ދޮރުފަތް ދަމާލަން ރުހައިލު ހިތަށް އެރިއެވެ. އެހެންނަމަވެސް ދޮރުފަތުގައި އަތްތިލަ ޖެހުމުގެ ކުރިން އަތް ދުރަށް ލިއެވެ. އަދި އައިސް އެނދުގައި އިށީނެވެ.

“ކިހިނެއްވީ” ނައިރާ ފާޚާނާއިން ނިކުތްތަން ފެނުމާއެކު ރުހައިލު އަވަހަށް އަހާލިއެވެ.

“ކަމެއްނުވޭ، ރޭގަ އިހި ކޭމަ ވީގޮތެއްހެން ހީވަނީ” ނައިރާ ވަރަށް އާދައިގެ ގޮތަކަށް ބުނެލިއެވެ. އަދި އައިސް އެނދުމައްޗަށް ވެއްޓިގަތީ ފަރުވާކުޑަގޮތަކަށެވެ. ރުހައިލު ވެސް ކުރުއަތްމައްޗަށް އޮށޯވެ ނައިރާއަށް ބަލަންފެށިއެވެ. ބާލީހުގައި ބައްދާލުމާއެކު އަނެއްކާ ވެސް ނައިރާ ގަދަ ނިންޖަކުން ނިދާލިތަން ރުހައިލަށް ފެނުނެވެ.

އެ ދުވަހަށް ފަހު ނައިރާ ކާއެއްޗެހި ކެއުމުގައި ވަރަށް ފަރުވާތެރިވާތަން ރުހައިލަށް ފެނެއެވެ. މަޑުމަޑުން ކަނޑުގެ ބާވަތްތަކާ ދުރުވަމުން އައިކަން ވެސް ރުހައިލަށް ފާހަގަކުރެވުނެވެ. އެ ބާވަތުގެ އެއްޗެއް ކައިފިނަމަ ހެނދުނު ހޮޑުލުމަކީ ނައިރާގެ އާދައަކަށް ވެއްޖެއެވެ. އެކަމާ ނައިރާ ކަންބޮޑުވާތަން ނުފެންނާތީ ރުހައިލަށް ވެސް އަޅާނުލެވުނީއެވެ. އެހެން އުޅޭތާ ހަފްތާއެއްވަރު ފަހުން ނައިރާގެ މޫނުމަތިން ކަންބޮޑުވުން ފާޅުވާން ފެށިއެވެ. އޭނާ ސިއްރުން ރިސޯޓުގައި ހުންނަ ޑޮކްޓަރުގެ ގާތަށް ދިޔަކަމެއް ރުހައިލަކަށް ނޭނގެއެވެ. ނައިރާގެ ފޯނަށް ރުހައިލު ގުޅުމުން އޭނާ ޖަވާބުގައި ބުނީ ހާސްނުވުމަށެވެ. ވަރަށް އަވަހަށް ކޮޓަރިއަށް އޭނާ އެބަ އަންނަން ކަމުގައެވެ. އެހާވަރުން ނައިރާ ކޮބާތީ ރުހައިލު ބެލީ މެންދުރު ކާން ދާންޖެހޭ ގަޑި ޖެހުނީމައެވެ. އޭނާ ޓީޝާޓަކާއި ސޯޓެއް ލައިގެން ކޮޓަރި ކައިރީ އެލުވާފައި ހުރި އުނދޯއްޔެއްގައި ނައިރާ އަންނަން ދެން އޮތެވެ.

“ރުހައިލު…” ނައިރާގެ އަޑު އިވިގެން އެ ދިމާއަށް ރުހައިލު ބަލާލިއިރު، ނައިރާ އައިސް އަރާ ހަމަކުރަނީއެވެ. ހުރީ ވަރަށް ބޮޑަށް ހާސްވެފައި ހުރި ހެންނެވެ.

“ހިނގާ މާލެދާން” ނައިރާ ބުނެލިއެވެ.

“މިރެއެއްނު ދެން ދެވޭނީ، މިކޮޅުން ނައްޓާލާ އެއްޗެއް އޮންނާނީ މިރޭ” ރުހައިލު ބުނެލިއެވެ.

ނޫން، ހަވީރު އެބައޮތް، މިއައީ ބަލާފައި، އެކޮޅަށް ގޮސް ފައިސާ ދައްކާލީމާ ނިމުނީ” ނައިރާގެ ހަރަކާތްތައް އަވަސްވެފައި ހުއްޓެވެ. އޭނާ ރުހައިލުގެ ޖަވާބަކަށް މަޑުކުރުމެއްނެތި އައިސް ކޮޓަރިއަށް ވަނެވެ. އަދި ބޮޑު ދަބަހުގެ ތެރެއަށް ބޭނުންކުރާ ކުރާ ހުރިހާ ސާމާނެއް އަޅަން ފެށިއެވެ. ނައިރާގެ ފަހަތުން ކުޑަކޮށް ދުވެލާފައި ރުހައިލު ވެސް އައިސް ކޮޓަރިއަށް ވަނެވެ.

“ހާދަ އަވަސްއަރުވާލާފައި” ރުހައިލު ހުރީ ހައިރާންވެ ކުރަންވީކަމެއް ނޭނގިފައެވެ. އޭރު ދެމީހުންގެ ދަބަހަށް ނައިރާ އެއްޗެހި އަޅާ ތައްޔާރުކޮށްލައިފިއެވެ.

“ރުހައިލު އެއްނު އުޅުނީ މާލެ ނުދެވިގެން، މިހާރު އަހަރެން މިހިރީ މާލެދާން ބޭނުންވެފައި، އެހެންވީމަ އުފަލެއްނު ވާންވީ” ނައިރާ ހިންދެމިލަމުން ރުހައިލަށް ބަލާލިއެވެ. އޭރު ވެސް ހުއްޓުން އަރާފައި ހުރި މީހަކު ހެން ރުހައިލު ހުއްޓެވެ. ކުޑަހިނދުކޮޅަކު ރުހައިލާ ހަތަރުކަޅި ހަމަކޮށްލައިގެން ހުރެފައި ނައިރާ އައިސް ރުހައިލުގެ ގައިގާ ބައްދާލިއެވެ.

“އަހަރެން ރުހައިލުދެކެ ވަރަށް ލޯބިވޭ، އެކަން އެނގޭތަ” ނައިރާ ބުނެލިއެވެ. އެއާއެކު ރުހައިލު ނައިރާގެ ބޮލުގައި ފިރުމާލަމުން “ހޫން” ލައްވާލިއެވެ. ނައިރާ ވަގުތުން ދުރަށް ޖެހިލަމުން ރުހައިލަށް ބަލާލާފައި ހިނިތުންވެލިއެވެ. އަދި އޭނާގެ އަތުގައި ހިފާ ދަމާލިއެވެ.

“ދެން ނުހުރެ ދަބަސް ނަގާބަލަ” ނައިރާ މިހެން ބުނެ އޭނާގެ ދަބަސް ނެގިއެވެ.

ސީޕްލޭން އައިސް ހުޅުލެއަށްޖެއްސުމާއި، ހުޅުލެއިން މާލެ އާދެވުމާ ދޭތެރޭގައި ވެސް ނައިރާ ބަހެއް ނުބުނެ އިނީ ހިމޭނުންނެވެ. ނައިރާގެ ހިމޭންކަމުން ރުހައިލަށް އުނދަގޫވިއެވެ. ނައިރާއާ މާގިނަ ވާހަކަތަކެއް ދައްކައިގެން އޭނާއަށް ކުރި ނުލިބޭނޭކަން އެނގޭތީވެ އަނގައިން ނުބުނަން ރުހައިލު އިން ކަހަލައެވެ. ނަމަވެސް ސިކުނޑިއަށް ބާރުލަމުން ދިޔައީ ނައިރާއަށް ކަމެއްވެފައި އިންހެން ހީވެއެވެ. އަވަސްކުރަން ހަދައިގެން ރުހައިލުމެން މާލެ އަންނަ ވާހަކަ ޝާރުދާ އާއި މަލީކަށް އަންގާލާކަށް އެމީހުން ކުޑަކޮށް ވެސް ހަނދާނެއްނުވިއެވެ. އެހެންވެ ގެއަށް އައިސް ވަނުމާއެކު ބޮޑުކޮޓަރީގައި އިން ޝާރުދާއަށް ލިބުނީ ކުއްލި ސިހުމެކެވެ.

“ދަރިފުޅުމެންތަ؟ ކީއްވެތަ މަންމަ ގުޅީމަ އަންނަންއުޅޭ ވާހަކަ ނުބުނީ” ހައިރާންވެގެން ކޮޅަށް ތެދުވެވުނު ޝާރުދާ ބުނެލިއެވެ.

“މި އައީނު މަންމާ، ދެން މިގޭތެރެ އެހާ ފަޅެއްނުވާނެ” ރުހައިލަށް ބުނަންވީ އެއްޗެއް ނޭނގިގެން ނައިރާއަށް ބަލާލުމުން އޭނާ ކުރިއަށް ޖެހިލާ ޝާރުދާއާ ވާހަކަދެއްކިއެވެ.

“އާން! ދަރިފުޅުމެންނަށްވާ އާދެވިއްޖެ… މަންމަ ހަވީރު ސަޔަށް އެއްވެސް އެއްޗެއް މިއަދު ތައްޔާރެއް ނުކުރަން، ވަރުޝާ ގާތު ބުނަންތަ ދަރިފުޅުމެންނަށް އެއްޗެއް ތައްޔާރުކޮށްދޭން” ނައިރާގެ ވާހަކައަށް ހިނިތުންވެލައިގެން ހުރެ ޝާރުދާ ވާހަކަދެއްކިއެވެ.

“މި ގަޑީގައި އެއްޗެއް ކާކަށް ބޭނުމެއްނޫން، އަޅުގަނޑު މިދަނީ ކޮޓަރިއަށް އިނގޭ މަންމާ” ނައިރާ މިހެން ބުނެލަމުން ރުހައިލުގެ އަތުގައި ފިރުމާލާފައި ލިފްޓާ ދިމާއަށް ހިނގައިގަތެވެ. ނަމަވެސް ރުހައިލު މަޑުކޮށްލައިގެން ހުއްޓެވެ.

“މަންމާ، އަޅުގަނޑު އެއްޗެއް ކާލަން ބޭނުން، ވަރަށް ބަނޑުހައިވެފައި މިހިރީ” ރުހައިލު ބުނެލިއެވެ.

“އެހެންތަ؟ އަވަހަށް ހިނގާ ބަދިގެއަށް، ސޭންޑްވިޗްއެއް ރަނގަޅުވާނެ ދޯ” ޝާރުދާ އާއިއެކު ރުހައިލު ހިނގައިގަތެވެ. ބަދިގެއާ ދިމާއަށް ދަމުން ރުހައިލު އަވަސް ނަޒަރެއް ލިފްޓަށް ވަން ނައިރާއަށް ދިނެވެ. އެހެންޏާ ނޫޅޭ ގޮތަކަށް ނައިރާ އުޅޭތީއެވެ.

ސައިބޮއެގެން ކޮޓަރިއަށް އައިސް ރުހައިލު ވަންއިރު ނައިރާ ރީތިވާ މޭޒުގެ ދޮށުގައި އިނދެ ތައްޔާރުވަމުން ދިޔައެވެ. ފެންނަ ފެނުމަށް އޭނާ ބޭރަށްދާން ތައްޔާރުވަނީއެވެ. ރުހައިލު އައިސް އެނދުގެ ފައިލާކޮޅުގައި ހުރި ދިގުސޯފާގައި އިށީނދެ ނައިރާއަށް ގޮވާލިއެވެ.

“ބޭރަށް ދަނީތަ؟” ރުހައިލު އަހާލިއެވެ.

“މިއްމިއަށް އަހަރެން އައި ވާހަކަ ބުނެލަން ގުޅާލުމުން ބުނީ ބޭރަށް ނިކުމެލަން ވަރަށް ބޭނުންވެފައި ހުރި ވާހަކަ، އެހެންވެ މިއުޅެނީ ދެ މީހުން ބޭރަށް ނިކުމެލަން ކަމަށް، ފަޒަލް ނުގުޅާތަ؟ ތި ދެ މީހުން ވެސް ކޮފީއަށް ދާންވީނު، އޭރުން ރުހައިލު އެކަނި ފޫއްސެއް ނުވާނެއެއްނު” ތައްޔާރުވަމުން ދިޔަ ނައިރާ ޖަވާބު ދިނެވެ.

“އައި އެމް އޯކޭ، ނައިރާ ގޮސްލާ” މަޑުމައިތިރި ގޮތަކަށް ރުހައިލު ބުނެލިއެވެ.

ރީތިވެ ނިމިގެން ނައިރާ ތެދުވެ ރުހައިލަށް ބަލާލިއެވެ. އެ މޫނުމަތި ވަކިން އުޖާލާވެފައި އެހެންޏާ ނުހުންނަ ދިރުމެއް ހުރި ކަހަލައެވެ. ރުހައިލުގެ ލޮލުގައި އަޅައިގަތް ކަމަކަށް އެކަންވިއެވެ. އެހެންނަމަވެސް އޭނާ އަވަސް ހިނިތުންވުމެއް ބަދަލުކޮށްލާފައި އިސްޖަހާލަމުން ޖީބުން ނެގި ފޯނާ ކުޅެންފެށިއެވެ. ނައިރާ އައިސް އެނދުމަތީ ބާއްވާލާފައި އޮތް އޭނާގެ އަތްދަބަސް ނަގައި ކޮނޑުގައި އަޅުވާލާފައި އައިސް ރުހައިލުގެ ބޮލުގައި ފިރުމާލަމުން އޭނާގެ ބޮލުގައި ބޮސްދިނެވެ.

“ފަހަރެއްގައި ލަސްވެދާނެ، އެކަމަކު ރޭގަނޑު ކާގަޑި ޖެހެންވާއިރަށް އަންނާނަން” ނައިރާ ބުނެލިއެވެ. އިރުކޮޅަކު މަޑުކޮށްލި ގޮތުން ހީވީ ރުހައިލު އެއްޗެއް ބުނެފާނެކަމަށް މަޑުކޮށްލި ހެންނެވެ. ނަމަވެސް ރުހައިލުގެ ފަރާތުން އެއްވެސް އިޝާރާތެއް ނުފެނުމުން ނައިރާ ކޮޓަރިން ނިކުމެގެން ދިޔައެވެ.

ނައިރާ ދިއަތާ ގިނަ އިރެއް ނުވެ ރުހައިލު ވެސް ކޮޓަރިން ނިކުތެވެ. އޭނާގެ މިސްރާބު ހުރީ ގޭގެ ހާމަފެންޑާއަށެވެ. ލަސްލަހުން ހަރުފަތްތައް ގިރާކޮށް އޭނާ ހާމަފެންޑާއަށް ނިކުތެވެ. އިރުއޮއްސުމުގެ އެންމެ ފަހުގެ ކުލަތައް އުޑުމަތިން ފާޅުވަމުން ދިޔައެވެ. އައިގޮތަށް އައިސް ރެއިލިންގައި ދެއަތުން ހިފަހައްޓާލަމުން ހާމައުޑަށް ބަލަހައްޓައިގެން އޭނާ އިރުކޮޅަކު ހުއްޓެވެ. އަދި އެނބުރި ރެއިލިންގައި ލެނގިލަމުން ހާމަފެންޑާގެ އެކި ދިމަ ދިމާއަށް ނަޒަރު ހިންގަން ފެށިއެވެ. އަނދިރިވަމުން އައި ހާމަފެންޑާއިން ދަންނަ އަޑެއް ކަންފަތުގައި ޖެހުނުހެން ރުހައިލަށް ހީވިއެވެ. އަވަހަށް އެ ދިމާއަށް ބަލާލެވުނެވެ. ނަމަވެސް އެއީ ހަޤީޤަތެއް ނޫނެވެ. އޭނާގެ ސިކުނޑީގެ ކޮންމެވެސް ހިސާބަކުން ކޮށްލި ނުބައި ސަމާސާއެކެވެ. އެތަނުގައި އޭނާ ފިޔަވާ އެކަކު ވެސް ނެތެވެ. ކިތަންމެ ވަރަކަށް ލޯ މަރާ ހުޅުވި ކަމުގައި ވިޔަސް ރުހައިލުގެ ހިތް އެދޭ ސޫރާ ކުރިމަތިން ނުފެންނާނެކަން އޭނާއަށް މިހާރު ޔަޤީންވެއެވެ. އުންމީދު ކުރިނަމަވެސް އެ އުންމީދަކީ ބޭކާރުކަމެއްކަން ޚުދު އޭނާގެ ޟަމީރު ވެސް އެއްބަސްވެއެވެ. މޮޔައެއް ހެން އައިސް އުނދޯލީގެ ތެރެއަށް ރުހައިލު ޖެހިގަތެވެ.

“އަރުފީނު…” މަޑުމަޑު އާހެއް ފަދައިން ރުހައިލުގެ ދުލުން ބުނެލިއެވެ. އަދި އަތުގައި އޮތް ފޯނު ހުޅުވާލުމާއެކު އޭނާ އާއި އަރުފީނާ ދެމެދު އެކި ފަހަރު މަތީން ބަދަލުކުރެވިފައި ހުރި މެސެޖުތައް ކިޔަން ފެށިއެވެ. ދެތެރެއަކުން ފޯނުގައިވާ އަރުފީނުގެ ފޮޓޮއަށް ބަލާލައެވެ. އެހެން އިން އިރު ރުހައިލުގެ މޫނުމަތިން ބައެއްފަހަރަށް ހިތްދަތިކަން ފާޅުވެ ފެންކަޅިވާގޮތްވެއެވެ. އަނެއްބައިފަހަރު ދެބުމަ ގޮށްޖަހާލުމާއެކު ރުޅިވެރިކަން ފާޅުވެގެންދެއެވެ. ފޯނަށް ބާރުކޮށްލި ކޮށްލީނުން އެ ނަގާ ހޫރަލަފާނެހެން ވެސް ހީވެއެވެ.

“އަހަންނަށް އޭރު ވެސް އެނގުނު ރުހައިލު އިންނާނީ މިތަނުގައިކަން، ކީއްތަ ތިކުރަނީ އަނދިރީގައި” މުޅިތަން އަލިވެގެން ދިއުމާއެކު ފަޒަލްގެ އަޑު ރުހައިލާ ކައިރިވަމުން އައެވެ. އެހިނދު ރުހައިލު އަވަސް އަވަހަށް ފޯނުގައި ހުޅުވާފައި ހުރި އަރުފީނުގެ ފޮޓޯ ނިއްވާލާފައި ފޯނުން ކަމެއް ކުރާ ކަމަށް ހެދުނެވެ.

“މިއްމި ނެތީމަ ވަރަށް ފޫހިވެގެން މިއައީ، ހިނގާބަލަ އަހަރުމެން ވެސް ދިމާއަކަށް ނައްޓާލަން” ފަޒަލް އައިސް ރުހައިލުގެ ކޮނޑުގައި ޖަހާލަމުން އުނދޯލީގައި އިށީނެވެ.

“ކޮންތާކަށް ދާންވީ” ރުހައިލު ބުނެލިއެވެ.

“ކިހިނެއްވާނީ ކާރު ދުއްވާލަން ދިއުން” ފަޒަލް ޚިޔާލު ދިނެވެ.

“ފަޒަލް ދުއްވަންޏާ އަހަރެން ހިނގައިދާނަން” ރުހައިލު ބުނެލިއެވެ. އެއާއެކު ފަޒަލް ނިކަން އަވަހަށް އާނއެކޭ ބުނެލިއެވެ. އަދި ރުހައިލުގެ ގައިގާ ކޮށްޓާލަމުން އައުމަށް އެދި ތެދުވެގެން ހިނގައިގަތެވެ.

ރުހައިލުގެ ކާރުގައި މާލޭގެ މަގުތަކުގައި ދުއްވަމުން ފަޒަލް ދިޔައިރު ގިނަ ވާހަކަ ދައްކަމުން ދިޔައީ ވެސް ޚުދު އޭނާއެވެ. ރުހައިލު އިންނަނީ ފަޒަލް ދައްކާ ވާހަކަ އަޑުއަހާށެވެ. އެހެންނަމަވެސް އޭނާގެ ހަނދާނުގައި ފޮރުވާފައި ހުރި މަންޒަރުތަކުން މަންޒަރެއް ލޯކުރިމަތިން ސިފަވަމުން ދާ ކަހަލައެވެ. އެ ކާރުގައި އޭނާ އެންމެ ފަހުން ދަތުރުކުރީ އަރުފީނާ ގޮވައިގެންނެވެ. އޭގެ ފަހުގައި އަރުފީނު ހޯދުމަށްޓަކައެވެ. އަރުފީނާ ވަކިވުމާއެކު ދުނިޔޭގެ އެއްވެސް ކަމަކަށް އޭނާގެ ހިތެއް ނުޖެހުނެވެ. ފުރާނަ ހުރީތީ ދިރިހުންނަ މީހަކު ފަދައިންނެވެ.

“މަޑުކޮށްބަލަ…” އިޚްތިޔާރަކާއި ނުލައި ކާރުގެ ކުޑަދޮރުން ބޭރު ބަލާލެވުނު ރުހައިލު ކުއްލިއަކަށް ބުނެލިއެވެ.

“މިތަނަށްތަ؟ ކިހިނެއް؟ ތަންކޮޅެއް އެކޮޅަށް މަޑުކުރަންތަ؟” ފަޒަލް މަގުގެ ދެފަރާތަށް ބަލަމުން ބުނެލިއެވެ. ރުހައިލަށް ވެސް ވިސްނާލެވުނީ ދެނެވެ. ކާރުގެ ކުރި އާއި ފަހަތުން ވެސް ފެންނަނީ ދުއްވާ އެއްޗެހިން މަގު ފުރިފައިވާތަނެވެ. ކުއްލިއަކަށް ކާރު ހުއްޓާތަނުން ނުރައްކާތެރި އެކްސިޑެންޓެއް ހިނގާފާނެއެވެ.

“ކިހިނެއްވީ؟ ކީއްވެ ކާރު މަޑުކުރަން ބުނީ؟” ރުހައިލު އެއްޗެއް ނުބުނެ ހިމޭންވުމުން ފަޒަލް އަނެއްކާ ވެސް ސުވާލުކޮށްލިއެވެ.

“ކަމެއްނުވޭ، ދެން އޯކޭވާނެ…” ރުހައިލު މިހެން ބުނެ ކުރިއަށް ބަލަހައްޓައިގެން އިނެވެ.

“ރުހައިލު ކަމެއް ސިއްރުކުރާކަން އަހަންނަށް ނޭނގޭނެކަމައްތަ ހީކުރީ، ބުނެބަލަ… ކީއްވެތަ މަޑުކުރަން ބުނީ، އަހަރެން ސުވާލުކުރުން ހުއްޓައެއް ނުލާނަން ރުހައިލު ނުބުނަނީސް” ފަޒަލް ބުނެލިއެވެ.

“އަހަރެން ހީކުރީ ދަންނަ މީހަކު ފެނުނީކަމަށް… ޖަސްޓް ލީވް އިޓް” ރުހައިލު ބުނެލިއެވެ.

* * * *

“އެކަމަކު ނުބުނެ ހުރުމަކީ ރަނގަޅު ނިންމުމެއްނޫން، އަހަރެން ވަރަށް ކަންބޮޑުވޭ، ފަޒަލް ވެސް އެއްބާރުލުމެއް ނުދޭނެ ތިކަމަކަށް” ނައިރާގެ ވާހަކަތައް އަޑުއަހަން އިނދެފައި މިލާން ބުނެލިއެވެ.

“ފަޒަލްއަށް އެނގޭނީ އޭނާ ގާތު މިއްމި ބުނެފިއްޔާ، އަހަންނަށް ޔަޤީންވޭ ފަޒަލްއަށް އެނގިއްޖެއްޔާ އޭނާ ރުހައިލު ގާތު ނުބުނެއެއް ނުހުންނާނެކަން، އަނެއްކޮޅުން އަހަންނަށް ވެސް ބާރުއަޅާނެ ރުހައިލުގެ ގާތުގައި ހުރިހާ ވާހަކައެއް ބުނުމަށް… އެކަމަކު އަދި މާ އަވަސް… ޕްލީޒް މިއްމި، މިކަން އެހެންމީހުންނަށް އެނގުނަ ނުދީ ސިއްރުކޮށްދީ، ޕްލީޒް… އަހަންނަށްޓަކައި، އަހަރެން ބޭނުން، ރުހައިލު އާއި އަހަންނާ ދެމެދު މިއޮތް ރިލޭޝަންޝިޕް ވޯކްކުރަން… ސޯ ޕްލީޒް، މި ހުރިހާ ވާހަކައެއް އަހަރުމެން ދެމީހުންގެ ދެމެދު ބާއްވާ، މިކަމުގައި އަހަންނަށް މިއްމިގެ އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވާނެ” ނައިރާ އާދޭސްކުރަން ފެށުމުން މިލާންއަށް ނޫނެކޭ ބުނާކަށް ނުކެރުނެވެ.

“ނައިރާ، އަދިވެސް ތިކަމާ ވިސްނާލަބަލަ… އަހަރެން ނުބުންޏަސް ނައިރާއަށް ބަދަލުތަކެއް އަންނަކަން އެހެންމީހުންނަށް ފާހަގަނުވެއެއްނުދާނެ، ޝާރުދާ އާންޓީ ވަރަށް ހުޝިޔާރުވާނެ… ޝީ ވިލް ނޯ” އަދިވެސް މިލާންގެ މޫނުމަތިން ފެންނަނީ ހާސްކަމެވެ.

“އަހަރެން އުޅޭގޮތުން އެކަކަށް އެކައްޗެއް ވެސް ނޭނގޭނެ، އެންމެ ގާތުން ފެންނަން ހުންނާނީ ރުހައިލު، އޭނާއަށް ވެސް ނޭނގޭނެ، މިވަގުތު ބުނުން އެހާ ރަނގަޅެއްނުވާނެ، އެހެންވެ ކުޑަދުވަސްކޮޅަކު މަޑުކޮށްލަން ބޭނުންވަނީ” ނައިރާ ބުނެލިއެވެ.

“އެނގިއްޖެއްޔާ ދެން ކިހިނެއް ހަދާނީ” މިލާން އަހާލިއެވެ.

“ދެން އެނގުނިއްޔާ އެނގުނީ، އޭރުން ކުރެވޭނެކަމެއް ނޯންނާނެ، އެހެންވިޔަސް އެންމެން އުފާވާނެ ޚަބަރަކަށް އެކަން ވާނެއެއްނު، ހަޤީޤަތުގައި މަޑުކުރަން ބޭނުންވަނީ ރުހައިލުގެ ސަބަބުން، މިވަގުތު އޭނާ ގާތު އަހަރެން ބަނޑުބޮޑުވާހަކަ ބުނެއްޖެއްޔާ ވަރަށް ގިނަ ސުވާލުކުރާނެ، އަހަރެން ބަރާބަރަށް ބޭސްކާ ކަމަށް ހެދިގެން އުޅުނީ، އެހެންވެ އޭނާ ހީކޮށްގެން އެ ހުންނަނީ އަވަސް މުސްތަޤުބަލެއްގައި އަހަރުމެންނަށް ދަރިއަކު ނުލިބޭނެކަމުގައި، އެކަމަކު މިހާރު އަހަރެން ދަރިއަކު ބޭނުން، މިއްމި ބުނިހެން ދަރިއަކު ލިބުނީމަ ފަހަރެއްގައި ރުހައިލު މިހާރަށްވުރެ ބޮޑަށް އަހަރެންދެކެ ލޯބިވެދާނެ… އަހަރުމެން ދެމީހުންގެ ދިރިއުޅުމުގެ އުންމީދު ކަމުގައި އެ ދަރިފުޅު ވެގެން ހިނގައިދާނެ… ޖެހިލުންވަނީ ރުހައިލަށް އޮޅުވާލެވުނީމަ، އޭނަ ބުނާނެ އެއްޗެއް ނޭނގޭތީ” ނައިރާ އިސްޖަހާލިއެވެ.

“ނައިރާ މާބޮޑަށް ނާވަސްވެފައި ތިއިނީ، ރުހައިލު ގާތު ބުނެބަލަ ޕްރެގް ވާހަކަ، އޭރުން އޭނާ އުފަލުން ނައިރާއަށް ހަދާނެގޮތެއް ވެސް އެނގެނީއެއްނޫން، ދަރިއަކު ލިބެން އުޅޭއިރު ކާކުތަ އުފާނުވާނީ” މިލާން، ނައިރާއަށް ހިތްވަރު ލިބޭނޭހެން ވާހަކަދެއްކިއެވެ. ނަމަވެސް ނައިރާގެ މިފަހަކަށް އައިސް ހުންނަ ގޮތްދޫނުކުރާ ގޮތާއި އަމިއްލަ ނަފުސަށް އޮންނަ އިތުބާރު ކުޑަވުމުގެ ސަބަބުން މިލާންގެ ވާހަކަތަކާ އެއްގޮތަށް ކަންތައް ކުރާކަށް ނުކެރުނެވެ.

“މިހާރު ވަރަށް ލަސްވެއްޖެ، ހޮސްޕިޓަލުގައި ވެސް އެހާ ގިނައިރު ތިބެން ޖެހުނު، ރޭގަނޑުގެ ކެއުމުގައި ބައިވެރިވާން ވެސް އެބަޖެހޭ، ބައްޕަ އުޅެނީ ފުރަންވެގެން، ނޭނގެ ކީއްވެކަމެއް، މަންމަ ހުންނަނީ އެކަމާ ތުންދަމާފައި، ވަރަށް ލޯބިން އުޅެފައި ނޭނގެ މަންމައަށް އެވާ ގޮތެއް…. އަހަރެން ހިތަށް އަރާ ބައްޕަވާ ރުޅި މަޑޭ، އެވަރަށް ކުދިކިޔާނަމަ މަގޭ ބޯ ވެސް ގޮވާނެ….” ދެފަރާތަށް މިލާން ބޯހޫރާލިއެވެ.

“ކޮންއިރަކުން ފުރަނީ؟” ނައިރާ އަހާލިއެވެ.

“މިރޭ ދަންވަރު، ފަޒަލް ގާތު އަހާލުމުން ބުނީ ބައްޕަ ސިންގަޕޫރަށް އަހަރަކު އެއްފަހަރު ދަތުރެއް ކުރާކަމަށް، އެކަމާ މަންމަ ހިތްހަމަނުޖެހެނީ މަންމަ ގޮވައިގެން ނުދާތީއޯ، އެންމެނަށް ވެސް އެނގޭނެ މަންމައަކީ ޤައުމުތަކަށް ދަތުރުކުރުމާ ވިޔަފާރިކުރަން މޮޔަވެފައި ހުންނަ މީހެއްކަން… އެކަން އެނގޭއިރު ބައްޕަ ވެސް ކީއްވާނީ މަންމަ ގޮވައިގެން ދިޔައީ ވިއްޔާ، އޭރުން އަހަންނާއި ފަޒަލްއަށް އެކަނިވެލަން ޓައިމްކޮޅެއް ލިބޭނެއެއްނު ދޯ” ރެސްޓޯރެންޓުން ނިކުންނަމުން މިލާން ބުނެލިއެވެ. ނައިރާ ހީނލި އަޑުއިވުމާއެކު މިލާން ވެސް ހީނގަތެވެ.

މަޑުމަޑުން ހިނގާލާފައި ގެއާ ދިމާއަށް ނައިރާ އާއި މިލާން މިސްރާބުޖެހިއެވެ. އެ ދެމެދުގައި އެކިއެކި ވާހަކަތައް ދެކެވުނެވެ. ނައިރާއަށް ލިބޭނީ ކޮންކަހަލަ ކުއްޖެއްކަމާއި ޚުދު މިލާންއަށް ލިބޭނެ ކުއްޖާގެ ޖިންސު ކަނޑައެޅުމުގައި ދެ އެކުވެރިން ޚިޔާލު ބަދަލުކުރަމުން ދިޔައެވެ.

* * * *

މެހެނާޒުގެ ސިކުނޑީގައިވަނީ ކީކޭކަމެއް ޝުޢައިބަކަށް ނޭނގެއެވެ. އެހެންނަމަވެސް އޭނާ ރުޅި އައިސް ހިތްހަމަނުޖެހިފައި އިންވަރު ޝުޢައިބަށް އަންދާޒާކުރާކަށް އުނދަގުލެއް ނުވިއެވެ. ދަބަހަށް އެއްޗެހި އެޅުމުގައި މެހެނާޒުގެ އެހީތެރިކަމެއް ޝުޢައިބަކަށް ނުލިބުނެވެ. އެހެންވެ އެކަނިމާ އެކަނި ހުރެ ދަތުރަށް ބޭނުންވާނޭ އެއްޗެހި ތައްޔާރު ކުރަމުން ދިޔައެވެ. ދޭތެރެއަކުން ކޮޓަރީގައި ހުރި ގޮނޑިއަށް ވެއްޓިގަނެގެން މޫނު ހަދައިގެން އިން މެހެނާޒުއަށް ޝުޢައިބު ބަލާލައެވެ.

“މިހާރަކަށް އައިސް ކޮންވައްތަރަކަށްތަ ނާޒް ތިއުޅެނީ، އަހަރެން ފުރައިގެން މިދަނީ ގިނަ ދުވަހަކަށް ނޫނެއްނު، ކޮންމެ ފަހަރަކު ގޮސްފައި ވެސް އެނބުރި އަންނަމެއްނު” ދަބަހަށް އެއްޗެހި އަޅާ ނިންމާފައި ޝުޢައިބު ބުނެލިއެވެ.

“އަހަރެން ގޮވައިގެން އެއްފަހަރު ވެސް ދިޔައީ ވިއްޔާ ޝުޢައިބު ފާފަވެރިވާނީތަ؟ ކިހާ ވަރަކަށް އާދޭސްކުރަންވީ… މިހާރު ބުނެފިން ޝުޢައިބު ކުރާކަމަކަށް އަހަރެންގެ ފަރާތުން ހުރަސްއެޅުނުކަށް ނުދޭނަމޭ، އަހަރެން ގޮވައިގެން އެތަނަށް ހިނގާބަލާށޭ، އަހަރެން، އަހަރެންގެ އަމިއްލަ ކަންކަން ކުރުމުގައި ވަގުތު ހޭދަކުރާނަން، އޭރުން ޝުޢައިބުގެ މަސައްކަތަށް އެކަމުން ވާނޭ ގެއްލުމެއް ނޯންނާނެއެއްނު… ދެން ވަގުތުވީމާ ދެމަފިރިން އެކުގައި ކުރެވޭނޭ ކަންކަން ވެސް ހުންނާނެއެއްނު” މެހެނާޒު ރުޅިވެރިކަމާއެކު ބުނެލިއެވެ.

“މިބުނީނު ގެންދެވޭކަށް ނެތޭ، ނާޒް ޤަބޫލުކުރަން ބޭނުންނުވަންނާ ނުކުރިއަސް އަހަންނަށް އެންމެ ރަނގަޅު، މިހާރު ކުދިން ވެސް ކާން އަންނާނެ، ހިނގާ ދާން” ޝުޢައިބު ބުނެލިއެވެ.

ރޭގަނޑުގެ ކެއުމަށް އިންސާފުކުރަމުން ދިޔައިރު ނައިރާ ހުރީ ވަރުޝާ ގާތު ބުނެގެން އޭނާއަށް ވަކި ކަހަލަ ކާއެއްޗެއް ތައްޔާރުކޮށްފައެވެ. ޝާރުދާ ސުވާލުކުރުމުން ސިއްޙަތަށް ވަރަށް ބަލަންޖެހޭނެކަމުގައި ނައިރާ ބުނެ ހަމަޖައްސާލިއެވެ. ރުހައިލުގެ މާބޮޑު ސަމާލުކަމެއް ނައިރާއަކަށް ނުހުއްޓުނެވެ. އޭނާ ކައުމައިގެން ކުރިއަށް ދިޔައެވެ. ނައިރާގެ ވާހަކަތަކުން ކާމޭޒުމަތި ފަޅުފިލިއެވެ.

ރޭގަނޑުގެ ކެއުމަށްފަހު ގިނަ އިރެއް ނުވެ ޝުޢައިބު ހުޅުލެއަށް ދާން ފުރައިފިއެވެ. އޭރު ވެސް މެހެނާޒު އިނީ ރުޅި އައިސްފައި އިންގޮތަށެވެ. ނަމަވެސް ޝުޢައިބު ނިކުމެގެން ދިއުމާއެކު ފޯނު ހިފައިގެން ބެލްކަންޏަށް ނިކުމެ ޝުޢައިބު ދަތުރުކުރާ އެއަރލައިންގެ އޮފީހަށް ގުޅިއެވެ. މެހެނާޒު އޮޅުން ފިލުވަން ބޭނުންވާ ކަންކަން އޮޅުން ފިލުމުން އޭނާ އެހެން އެއަރލައިނަކަށް ގުޅާ ސިންގަޕޫރަށް ފުރަން ޓިކެޓު ހަމަޖެއްސިއެވެ. އޭނާ ބޭނުންވާހެން ޝުޢައިބު ދަތުރުކުރާ އެއަރލައިން އާއި މެހެނާޒު ދަތުރުކުރާ އެއަރލައިން ސިންގަޕޫރުގައި ޖައްސަން އޮތީ އެކުއެކީއެވެ. އެއީ އިއްތިފާގެއް ނޫނެވެ. އެއީ މެހެނާޒު ބޭނުންވި ގޮތެވެ.

“މަންމަގެ ރައްޓެއްސަކާއެކު ރިސޯޓަކަށް ދާން މިދަނީ، ދެތިން ދުވަސް ފަހުން އާދެވޭވަރުވާނީ” މެހެނާޒު ފޮށި ހިފައިގެން ގެއިން ނިކުންނަމުން ފަޒަލް އާއި މިލާންގެ ގާތުގައި ބުނެލިއެވެ. އޭނާ އެ ކުދިންގެ ގާތު ހަޤީޤަތް ހާމަނުކުރީ ޝުޢައިބާ ހަމައަށް ޚަބަރު ހިނގައިދާނޭތީއެވެ. އަދި ގެއިން ނިކުމެގެން ހުޅުލެއަށް ދިއުމަށް ދަތުރު ފެށިއެވެ.

ޗެންގި އިންޓަރނޭޝަނަލް އެއަރޕޯޓުގައި ފްލައިޓް ޖެއްސުމާއެކު އެންމެ ކުރިން ފޭބި ފަސެންޖަރުންގެ ތެރޭގައި މެހެނާޒު ހުއްޓެވެ. އޭނާއަށް އެރައިވަލް ގޭޓުން ނިކުމެވުމާއެކު އަވަސްވެގަތީ ޝުޢައިބު އައި ފްލައިޓުގެ މީހުން ނިކުތުމަށް ޚާއްޞަކޮށްފައިވާ ދޮރާ ދިމާއަށް ދިއުމަށެވެ. އޭރު އެ ސަރަޙައްދުގައި ވެސް މީހުންތައް ވަނީ ގިނަވެފައެވެ. އެންމެންގެ ތެރެއިން މެހެނާޒަށް ޝުޢައިބު ފެނުނީ އޭނާއާ ވަރަށް ގާތްވެފައި ހުއްޓައެވެ. އަވަސް އަވަހަށް މީހުންގަނޑުގެ ތެރެއަށް ފަހަތަށް ދެމިގަތެވެ. ފުރަގަސްދީގެން ހުރި ޝުޢައިބަށް ފިލުމަށްޓަކައެވެ. އެހިސާބުން މެހެނާޒުގެ ދަތުރުފެށީ ޝުޢައިބުގެ މަންޒިލަކީ ކޮބައިތޯ ބެލުމަށެވެ. އެގޮތުން ޝުޢައިބުގެ ބޯކޮޅުބަލަމުން އޭނާގެ ފަހަތުން ދިޔައެވެ.

* * * *

ނައިރާ ފާޚާނާއިން ނިކުތުމާއެކު އެނދުގައި އޮވެފައި ރުހައިލު ތެދުވިއެވެ. ރީތިވާ މޭޒުކައިރީ ހުރި ހެދުންއަޅުވާ ހަރުމަތިން އޭނާ ކުރިން ލައިގެން އުޅުނު ޓީޝާޓު ގަޔަށް ހެޔޮވަރު ކުރަމުން ކޮޓަރިން ނިކުނަން ދިޔައެވެ. ހަރަކާތް ހުރި ގޮތުން ހީވަނީ ނައިރާ ގޮވާލަންވާއިރަށް އޭނާގެ އަޑު ނީވޭ ހިސާބަށް ދާން ބޭނުންވެފައި ހުރި ހެންނެވެ. ނައިރާއަށް ރުހައިލު ނިކުމެގެން ދިޔަތަން ފެނުމުން އެހެން ރޭރެއާ ޚިލާފަށް ލިބުނީ ހިތްހަމަޖެހުމެވެ. ކަމެއް ސިއްރުކޮށްގެން އުޅުމަކީ އޭނާއަށް ވެސް ފަސޭހަކަމެއްނޫނެވެ. އެނދުގައި އައިސް އޮށޯވެ ރަޖާގަނޑުން ހަށިގަނޑު ނިވާކޮށްލިއެވެ. އަދި މަތީ ފަންގިފިލައަށް ބަލަހައްޓައިގެން އޮތީ ވިސްނަން އޮތްހެނެވެ. ރުހައިލުގެ ގާތުގައި ކޮންމެ ބުނުން މުހިއްމު ވާހަކައަކަށް ވާއިރު އެކަން އޭނާ ބުނާނެ ގޮތަކާމެދު ވިސްނަނީ ކަހަލައެވެ.

ތުނބުން ސިނގިރޭޓު ނައްޓާލުމާއެކު ރުހައިލުގެ އަނގައިންނާއި ނޭފަތުން ދުންތައް ނިކުމެގަތެވެ. ރެއިލިންގައި ހިފަހައްޓާލައިގެން އޭނާ ހުރީ ދުރަށް ނަޒަރު ހުއްޓާލައިގެންނެވެ. ކޮޓަރިއަށް ވަންނަން އައި މަލީކަށް ރުހައިލު ކޮޓަރިން ނިކުމެގެން ދާތަން ފެނުމުން ސުވާލު އުފެދޭގޮތްވިއެވެ. ނައިރާއާއެކު ހޭދަ ކުރަންވީ ވަގުތެއްގައި ރުހައިލު ނިކުމެގެން ދާތަން ފެނުމުން އޭނާގެ ފަހަތުން އައުމަށް މަލީކު ސިކުނޑި ގޮވާލީއެވެ. ހާމަފެންޑާ ފެންނާނޭހެން ދޮރުކައިރީ މަޑުކޮށްލައިގެން ހުރި މަލީކަށް ރުހައިލުގެ ތުނބުގައި ޖަހާލާފައި ނައްޓާލާ ސިނގިރޭޓުގެ ކޮޅު އަނދައިގެން ދާތަނާއި އަނގައިން ނިކުންނަ ދުންތައް ފެނި ވަކިން ބޮޑަށް ހައިރާންވިއެވެ. އޭނާގެ ދަރިފުޅު ދުންފަތުގެ އިސްތިއުމާލު ކުރާތަން ފެނުމުން ހުއްޓުން އަރާފައި ހުރެވުނީއެވެ. ހަމައެއާއެކު ރުހައިލު އެ ނުބައި ޢަމަލު ކުރާން ޖެހުނު ސަބަބަކާ މެދު މަލީކަށް ވިސްނާލެވުނެވެ. ރުހައިލަށް ކުއްލި ސިހުމެއް ދޭން މަލީކު ބޭނުމެއްނުވިއެވެ. އެހެންވެ ދުރުގައި ހުރެފައި އޭނާ ރުހައިލަށް ގޮވާލިއެވެ. އެއާއެކު ރުހައިލުގެ ތިން އިނގިލިން ހިފަހައްޓާލައިގެން ހުރި ސިނގިރޭޓުބުރި ދަގަނޑު ރެއިލިންގައި ޖައްސާ ނިވާލާފައި މުށުތެރެއަށް ލިއެވެ. އަދި އަވަސް އަވަހަށް ފަހަތުން އަންނަ މަލީކަށް ނުފެންނާނޭހެން އަތް ހޫރުވާލީ ދުމުގެ އަސަރު ފޮހެލުމަށެވެ.

“ދަރިފުޅު މިތަނުގައި ކީއްކުރަނީ” ފަހަތުން އައިސް ރުހައިލުގެ ގާތުގައި މަޑުކޮށްލަމުން މަލީކު އަހާލިއެވެ. އޭނާގެ ނޭފަތުގައި ސިނގިރޭޓުގެ ވަސް ވަގުތުން ޖެހުނެއްކަމަކު ވާހަކަ ހުރި ގޮތުން އެކަން ހާމަކުރާކަށް އޭނާ ބޭނުންވާހެނެއް ހިޔެއްނުވެއެވެ.

“މިތާ މަޑުކޮށްލައިގެން ހުރީ” ރުހައިލު، މަލީކުއާ ދުރަށް ދެތިން ފިޔަވަޅު އަޅާލިއެވެ.

“ރުހައިލު އެކަހެރިކޮށް އުޅޭކަން ބައްޕައަށް ވަރަށް ފާހަގަކުރެވޭ، މަންމަ ވެސް ވަނީ އެކަން ފާހަގަކޮށްފައި، އޮފީހުގައި އުޅޭ އިރު އެތަނުގެ މީހަކާ ވެސް ދަރިފުޅު ވާހަކަ ނުދައްކާ، އެއީ ކީއްވެތަ؟ އެހެންމީހުންނާ ގުޅުން ބަދަހިކުރަންވާނެއެއްނު” މަލީކު ބުނެލިއެވެ.

“ކަމެއްނުވޭ” ރުހައިލުގެ ޖަވާބު ކުރެވެ. އެވަރުން މަލީކުގެ ހިތްހަމަޖެހުނު ހެނެއް ހިޔެއްނުވެއެވެ. އޭނާ އިތުރަށް ވާހަކަދައްކަން ފެށިއެވެ.

“މިތާ އެހާ ގިނައިރު ނުހުރެ ދެން ދޭ ނިދަން، މިހާރު ހެނދުނު ހޭލަން ވެސް ޖެހެއެއްނު” މަލީކަށް އިތުރަށް ބުނާނެ އެއްޗެއް ނޭނގިގެން ބުނެލިއެވެ. ރުހައިލު ބޯޖަހާލުމުން މަލީކު އެނބުރި ދިއުމަށް ހިނގައިގަތެވެ.

“ބައްޕާ…” ރުހައިލަށް ފުރަގަސްދިން މަލީކަށް ތަންކޮޅަކަށް ދެވުނު ތަނާ އޭނާއަށް ގޮވާލިއެވެ. އެއާއެކު “ހޫން” ލައްވާލަމުން މަލީކު އެނބުރި ރުހައިލަށް ބަލާލިއެވެ. އެއްޗެއް ބުނަން އުޅުނުހެން ރުހައިލު، މަލީކަށް ބަލަން ހުރެފައި ދެފަރާތަށް ބޯހޫރާލިއެވެ.

“ކިހިނެއްވީ؟” ރުހައިލުގެ ހަރަކާތްފެނި މަލީކު އަހާލިއެވެ.

“ކަމެއްނުވޭ…” ރުހައިލު މިހެން ބުނުމާއެކު ހިނިތުންވުމެއް ބަދަލުކޮށްލަމުން މަލީކު އެނބުރި ދިއުމަށް ހިނގައިގަތެވެ. ރެއިލިންގައި އެއްއަތުން ހިފަހައްޓާލަމުން ފުންނޭވާއެއް ރުހައިލު ލިއެވެ.

މަލީކުއާ ސުވާލު ކުރަން ކިތަންމެ ފަހަރަކު އޭނާ ބޭނުންވެއެވެ. އެކަމަކު ކުރާނީ ކޮންސުވާލެއް ކަމެއް އޭނާއަކަށް ނޭނގެއެވެ. އަރުފީނު ކުއްލިގޮތަކަށް ދިއުމުން އެކަން ޤަބޫލުކުރަން ފަސޭހައެއްނޫނެވެ. އެންމެ ފަހުން އަރުފީނާ ވާހަކަދެއްކި މީހަކީ މަލީކެވެ. އަރުފީނު ފޮނުވާލަން ނިންމީ މަލީކުބާއޭ، ރުހައިލުގެ ހިތަށް އަބަދުމެ އަރައެވެ. ނައިރާއާ ދެމެދު އޮތް ގުޅުން ބަދަހިކުރުމަށް ޝާރުދާއަށްވުރެ މަލީކު، ރުހައިލަށް ބާރުއަޅާކަމީ ވެސް ރުހައިލުގެ ހިތާއި ސިކުނޑި ދެބަސްވާން މެދުވެރިވާ އެއްސަބަބެވެ. އަރުފީނަކީ މީހުންގެ ހިތުން ފުރަތަމަ ފެނިލުމުން ޖާގަ ލިބޭނޭ އަންހެންކުއްޖެއް ނޫންކަމުގައި ރުހައިލަށް ޤަބޫލުކުރެވެއެވެ. ފުރަތަމަ ރުހައިލުއަށް ވެސް އެހެންނެވެ. ވީއިރު މަލީކުގެ ރުހުން އަރުފީނަށް ލިބުމަކީ ދުރުކަމެއްކަން ރުހައިލަށް ވިސްނެއެވެ. ނަމަވެސް މި ހުރިހާ ވާހަކައެއް މަލީކުއާ ދައްކާނީ ކިހިނެއްކަމެއް ރުހައިލަކަށް ނޭނގެއެވެ. ވިސްނުމަށް ގެއްލިފައި ހާމަފެންޑާގައި މަޑުކޮށްލައިގެން ހުރެވުނީ ކިހާ އިރަކު ކަމެއް އޭނާއަކަށް ނޭނގެއެވެ. އެނބުރި ކޮޓަރިއަށް އައި އިރު ނައިރާ އޮތީ ނިދާފައެވެ.

* * * *

ޝުޢައިބު އެރި ޓެކްސީ އައިސް މަގުކޮށްލީ އަމިއްލަ މީހުންގެ ގެތައް ހުންނަ ސަރަޙައްދުގައި ހުރި ގެއެއްގެ ދޮރުމައްޗަށެވެ. މަގުގައި މީހަކު ފެންނާކަށް ނެތެވެ. އެހެންވެ މަގުގެ ތަންކޮޅެއް ދުރުގައި މެހެނާޒު އިން ޓެކްސީ މަޑުކޮށްލައިގެން ޝުޢައިބު ހަދާގޮތެއް ބަލަން އޭނާ އިނެވެ. ދުރުން ފެންނައިރު ވެސް އެ ގޭގައި ޒަމާނީ ގޮތެއް ހުރިކަން ފާހަގަކުރެވެއެވެ. ގެއާ ދިމާއަށް ޝުޢައިބު ބަލާލަމުން އެތެރެއަށް ހިނގައިގަތެވެ. އެހިނދު ޑްރައިވަރުގެ ގާތުގައި މަޑުމަޑުން ކުރިއަށް ދިއުމަށް މެހެނާޒު އެދުނެވެ.  އަދި ޝުޢައިބު ވަދެގެން ދިޔަ ގޭގެ ދޮރުމަތީ ކަހަލަ ގޮތަކަށް ޓެކްސީ މަޑުކުރުވިއެވެ. މެހެނާޒު ބަލަން އިންދާ ޝުޢައިބު ގޮސް އެ ގޭގެ ދޮރުގައި ހަރުކޮށްފައި ހުރި ބެލް ޖެހިއެވެ. ގިނައިރެއްނުވެ ދޮރު ހުޅުވާލީ އަންހެނެކެވެ. ހަމުގެ ކުލަ އަލިވެފައި ހިމަތޮޅި ހަށިގަނޑެއްގެ އިތުރުން ބުރުގާ އަޅާފައި ހުރި އަންހެނެވެ. ފެންނަފެނުމަށް އުމުރުން ޅަވައްތަރު ޖަހައެވެ. އޭނާގެ މޫނުމަތިން ފެނިގެންދިޔަ ސިހުމާއި އުފާވެރި ހިނިތުންވުމަށްވުރެ މެހެނާޒަށް އުނދަގޫވީ ޝުޢައިބުގެ އަތުގައި އެ އަންހެންމީހާ ހިފާލުމާއެކު ގޭތެރެއަށްވެއްދިގޮތުންނެވެ. ވަގުތުން މެހެނާޒު މޫނު އަނބުރާލުމާއެކު އިސްޖަހާލިއެވެ. ޑްރައިވަރަށް ވެސް މެހެނާޒުއަށް ވީގޮތް ފެނުނެވެ. ދެން ދާންވީ ކޮންތާކަށްތޯ އޭނާ މެހެނާޒުއާ ސުވާލުކުރިއެވެ. އެއާއެކު އެހިސާބާ އެންމެ ކައިރީގައި ހުރި ހޮޓަލަކަށް އޭނާ ގެންގޮސް ދިނުމަށް މެހެނާޒު އެދުނެވެ.

ޖެހިގެން އައި ދެ ދުވަހު ވެސް މެހެނާޒު ހުރި ހޮޓަލުން ބޭރަކަށް ނުނިކުމެއެވެ. ނަމަވެސް ދެވަނަ ދުވަހު ޝުޢައިބުގެ ފޯނުކޯލެއް މެހެނާޒަށް އައެވެ. އެ ކޯލަށް މެހެނާޒު ޖަވާބެއް ނުދިނެވެ. މެހެނާޒު ހުރީ ރުޅި އައިސްފައި ކަމަށް ހީވެ ޝުޢައިބު މެސެޖު ވެސް ކުރިއެވެ. ގިނަ ދުވަސްތަކެއް ނުވެ މާލެ އަންނާނަންކަމުގައި ބުނެއެވެ. އަދި މާލެ އައިސް މެހެނާޒު ގޮވައިގެން ސިންގަޕޫރަށް އެނބުރި އަންނާންކަމުގައި ވެސް ބުނެފައި އޮތެވެ. ޝުޢައިބުގެ އެއްވެސް ވާހަކައެއް މެހެނާޒަށް ޤަބޫލުކުރަން އުނދަގޫވިއެވެ. އޭނާގެ ހިތާ ސިކުނޑިއަށް އުނދަގޫ ކުރަމުން ދިޔައީ ޝުޢައިބު ވަން ގެ އާއި އެ ގެއިން ނިކުން އަންހެންމީހާއެވެ.

“ކޮޓަރީގައި ބަންދުވެގެން އޮތަކަސް ނޭނގޭނެ، އެހާވަރުން މިކޮޅަށް އައީ ކުރެވޭ ޝައްކު ހިތުން ފޮހެލާ ހަޤީޤަތް ދެނެގަތުމަށް، އެއީ ކާކުކަން ބަލަންޖެހޭ… އަހަރެން އެގެއަށް ދާންވީ، ގޮސްގެން ނޫނީ އެއްކަމެއް ވެސް ނޭނގޭނެ، ޝުޢައިބު ކައިރީ އަހާތަނުން މި ފުރުޞަތު ވެސް ގެއްލިދާނެ، އޭނާ އާއި އެ އަންހެންމީހާއާ ދެމެދު އޮތް ގުޅުމެއް އެނގެން އަހަރެން ބޭނުން، އަހަރެންގެ ހިތް ވަރަށް ބިރުގަނޭ… އެހެންވިޔަސް ހެޔޮ، މިހިސާބަށް އައިސް ހުރިހާ ކަމެއް ބަލާ އޮޅުންފިލުވައިފައި ނޫނީ އެނބުރިއެއް ނުދާނަން، ލައްކަ ވިސްނުން ވިސްނިއްޖެ، މި ނޫން ގޮތެއް ނެތް، ހަޤީޤަތް އެނގިގެން ރޯންޖެހުނަސް ހިތަށް މާ ފަސޭހަވާނެ މަކަރާއި އޮޅުވާލުމެއްގެ ތެރޭގައި ހުރުމަށްވުރެން….” އެނދުގެ އެއްފަރާތުގައި އަރިއަކަށް އޮށޯވެލައިގެން އޮތް މެހެނާޒު އަމިއްލަ ނަފުސަށް ހިތްވަރުދެމުން ދިޔަ ކަހަލައެވެ. މަޑުމަޑުން އޭނާ ތެދުވެ އަތުކުރީ އޮތް ގަޑިއަށް ބަލާލިއެވެ. އިރުއޮއްސެން ކައިރިވަނީއެވެ. ފާޚާނާއަށް ވަދެ މޫނު ދޮވެ، ހެނދުން ބަދަލުކޮށްލައިގެން ނިކުމެ ރީތިވާ މޭޒު ކައިރީ މެހެނާޒު އިށީނދެ އޭނާގެ ރީތިވާ އެއްޗެހި އަޅާފައި ހުރި ކުޑަދަބަސް ހުޅުވާލިއެވެ. ބޮލުގައި ބުރުސްއަޅާލުމާއެކު ނިތްމަތިން ކޮށާފައި ހުރި އިސްތަށިތައް ރީތިކޮށްލިއެވެ. އަދި އަނދުން ފަންސުރުނަގާ ލޮލުގެ ވަށައިގެން ފަވާލުމާއެކު އެސްފިޔަތައް ވެސް ރީތިކޮށްލިއެވެ. އޭނާގެ އުމުރު މައްޗަށް ދިޔައެއްކަމަކު ރީތިކޮށް ހުރުމަށް ދޭ ސަމާލުކަމަށް ބަދަލެއް ނާދެއެވެ. މޭކަޕްކޮށް ނިންމާލުމުގެ ގޮތުން ތުންފަތުގައި މަޑުކުލައެއް ޖައްސާލިއެވެ. ރީތިވާ މޭޒުދޮށުން ތެދުވެ ދިގު ވާގަނޑު ލާފައިވާ އަތްދަބަސް ކޮނޑުގައި އަޅުވާލަމުން ކޮޓަރިން ނިކުންނަން ދިޔައެވެ.

އުނދަގުލެއްނެތި ޝުޢައިބު ވަން ގެއާ ހަމައަށް މެހެނާޒަށް އާދެވުނެވެ. އެތެރެއަށް ވަނުމުގެކުރިން އޭނާއަށް ހުއްޓުން އެރީ ދެބައިކޮށްފަ އެއްބަޔަށް ތިރިވެފައި ހުރި ގަރާޖުގެ ދޮރުން ޝުޢައިބު ނިކުތުމުންނެވެ. އަވަސް އަވަހަށް ވަށާފާރުގެ ނިވަލަށް މެހެނާޒުވަދެ ފިލިއެވެ. ސާފު ކުޑަކުދިންތަކެއްގެ އަޑު ވެސް މެހެނާޒަށް އިވުނެވެ. އަދި ބޮޑު އަންހެނަކު ތަންކޮޅެއް ބާރަށް ވާހަކަދެއްކުމާއެކު ކުދިންގެ އަޑާއި ޝުޢައިބުގެ އަޑު ވެސް މަޑުވަމުން ގޮސް އެއްކޮށް ކެނޑުނެވެ. އަދި އޮޓޯމެޓިކް ދޮރެއް ލެއްޕޭ ކަހަލަ އަޑެއް އިވިގެން ދިޔައެވެ. ފިލާ ހުރި މެހެނާޒު ސިއްރު ސިއްރުން ފާރުގެ އެއްފަރާތުން ގޭތެރެއަށް ބަލާލިއެވެ. މީހަކު ފެންނާކަށް ނެތެވެ. ލައްޕާފައި ހުރި ގަރާޖު ފެނުމުން ކުރިން އިވުނީ އެ ގަރާޖުގެ ދޮރު ލެއްޕުނު އަޑުކަން އޭނާއަށް ޔަޤީންވިއެވެ. އެހެންނަމަވެސް ހިތާ ސިކުނޑީގައި އިތުރު ސުވާލުތަކެއް އުފެދުނީ ކުޑަކުދީންތަކެއްގެ އަޑުއިވުމުންނެވެ. އެންމެން ވެސް ވާހަކަދެއްކީ ސާފު އިނގިރޭސި ބަހުންނެވެ. އެހެންނަމަވެސް ދެ ކުދިންގެ އަޑުއިވުނު އިރު އުމުރުގެ ހަގުކަން ލޮލަށް ނުފެނުނަސް މެހެނާޒަށް ނަގައިގަނެވުނެވެ. އެއްކުއްޖަކަށް ރަނގަޅަށް ވާހަކައެއް ވެސް ނުދެއްކެއެވެ. އަނެއްކުއްކާގެ ވާހަކަ ހުރި ގޮތުން އޭނާ އެ ދަނީ ބަސްދަސްކުރަމުން ކަން އެނގޭހާ ވެއެވެ. މަޑުމަޑުން ގެއަށް ވަންނުމަށް ތަޅުންއަޅާފައި އޮތް ތަނަށް މެހެނާޒު ނިކުތެވެ. ދެފަރާތުގައި ފެހިކުލަ ގަދަ ވިނައިގެ ދޫލައެއް ފަތުރާފައި އޮތް ކަހަލައެވެ. ހުދުކުލައިގެ ފާރުތަކުގައި އެތެރެ ފެންނަގޮތަށް ހުރި ބިއްލޫރި ބޮޑެތި ކުޑަދޮރުތަކުގެ ވަށައިގެންވަނީ ކަޅުކުލައެވެ. ފުރާޅުގައި ވެސް ހުރީ ކަޅުކުލައެވެ. އެންމެ ބުރިއަކަށް ހަދާފައި ހުރި ހިމަ ދިގު އެ ގެއަށް މެހެނާޒަށް ވެސް ބަލަހައްޓައިގެން އިރުކޮޅަކު ހުރެވުނެވެ. މައި ދޮރާ ދިމާއަށް ހިނގައިގަނެވުނީ ދެނެވެ. ފާރުގައި ހަރުކޮށްފައި ހުރި ބެލްސުވިޗަށް މެހެނާޒަށް އޮބާލެވުމާއެކު ފުންނޭވާއެއް ބޭރުކޮށްލެވުނެވެ.

ގިނަ އިރެއްނުވެ ކުރިން ވެސް މެހެނާޒަށް ފެނުނު އަންހެން މީހާ ދޮރުހުޅުވާލިއެވެ. އޭނާއަށް މެހެނާޒު ފެނުމާއެކު ކުއްލި ސިހުމެއް ލިބި ހުއްޓުން އެރިއެވެ. ހީވީ ބިރުގެންފައި ހުރި ހެންނެވެ. މެހެނާޒަކީ ކާކުކަން އޭނާއަށް އެނގުނީހެން ހީވެ އެކަމާ މެހެނާޒު ހައިރާންވިއެވެ.

“ހާއި…” މެހެނާޒު ވާހަކަދައްކަން މަސައްކަން ކުރި ވަގުތު އެ އަންހެންމީހާ ހިންދިރުވާލިތަން ވެސް އޭނާއަށް ފެނުނެވެ.

“ނާ…ޒް…. ކަމް އިން…” މިހެން ބުނިއިރު އެ އަންހެންމީހާގެ އަޑު ވެސް ތުރުތުރުއަޅާހެން މެހެނާޒަށް ހީވިއެވެ. އިތުރު އެއްޗެއް ނުބުނެ މެހެނާޒު މަޑުމަޑުން އެތެރެއަށް ވަނެވެ. ކޮންމެވެސް ތާކަށް ގޮސްފައި އައިކަން އެ އަންހެން މީހާ ލާފައި ހުރި ހެދުމުން މެހެނާޒަށް ނަގައިގަނެވުނެވެ. ގޭތެރެ ޒީނަތްތެރި ކޮށްފައިވަނީ ހުދާއި ކަޅުކުލަ އެކުލެވޭ ގޮތަށެވެ. ސާފުތާހިރުވެފައި ހިތްފަސޭހަކަމެއް ހުއްޓެވެ. އެ ގޭގެ ބޮޑުކޮޓަރިއާ ހަމައަށް އާދެވުނު އިރު ޝުޢައިބުގެ އަޑާއި ކުޑަކުއްޖެއްގެ އަޑު އިވެމުންދިޔައެވެ.

“ސާރާ، ހޫ ވޯސް އެޓް ދަ ޑޯ” މެހެނާޒުގެ ކުރިއަށް ހުރެ ހިނގަމުން އައި އަންހެންމީހާ ޝުޢައިބަށް ފެނުމާއެކު ބުނެލިއެވެ. ހަމައެވަގުތު ސާރާގެ ހިމޭންކަން ވެސް ޝުޢައިބަށް ފާހަގަކުރެވުނެވެ. އެއްޗެއް ނުބުނެވިގެން އުޅެނިކޮށް ސާރާގެ ފަހަތުން އެތަނަށް އައި މެހެނާޒު ޝުޢައިބަށް ފެނުނެވެ. އޭނާގެ އަތުގެ ތެރޭގައި އޮތް ފިރިހެން ކުއްޖާ އާއި ސޯފާމަތީ އޭނާގެ ކަނދުރާގައި އެލިގަނެގެން އޮތް ކުޑައަންހެންކުއްޖާ ފެނި މެހެނާޒު ބަސްހުއްޓިފައި ހުއްޓެވެ.

ޝުޢައިބުގެ މޫނުމަތިން ފެނިގެންދިޔަ ސީރިއަސް ކަމުގެ އަސްލު އޭނާގެ ގާތުގައި ހުރި 4 އަހަރުގެ އަންހެންކުއްޖާއަށް ނަގައިގަންނާކަށް ނޭނގުނެވެ. އެ ކުއްޖާ މެހެނާޒުއަށް ބަލާލާފައި ޝުޢައިބުގެ މޫނުގައި ދެއަތުން ހިފާލަމުން އޭނާއާ ދިމާއަށް އަނބުރާލަން މަސައްކަތްކުރިއެވެ. އަދި އިނގިރޭސި ބަހުން “ބައްޕަ”ގެ ނަމުން ޝުޢައިބަށް މުޚާޠިބުކުރަމުން ގެންދިޔައެވެ. ޝުޢައިބު އޭނާގެ ކުރިމަތީގައި ކަހަލަ ގޮތަކަށް ހުއްޓިހުރި ސާރާއަށް ބަލާލަމުން އަތުގައި އޮތް ކުޑަފިރިހެން ދަރިފުޅު ދިއްކޮށްލިއެވެ. އަދި އޭނާއާ ވާހަކަދައްކަން މަސައްކަތްކުރާ އަންހެން ދަރިފުޅުގެ ދެއަތުގައި ހިފާލަމުން ލޯބިން އެދުނީ އޭނާގެ މަންމައާއެކު އެތެރެއަށް ދިއުމަށެވެ. އެހިނދު ސާރާ އަވަހަށް އައިސް ޝުޢައިބުގެ އަތުން ކުޑަދަރިފުޅު ނަގާ އުރާލަމުން، އަންހެން ދަރިފުޅުގެ އަތުގައި ހިފައިގެން އެތެރޭގައި ހުރި ކޮޓަރިއަކަށް ގޮސް ވަދެއްޖެއެވެ. އޭނާ ވަންނަންދެން އެ ދިމާއަށް ބަލަން ހުރެފައި ޝުޢައިބު އެނބުރިލަމުން މެހެނާޒާ ކުރިމަތިލިއެވެ. ފުރަތަމަ ބުނާނެ އެއްޗެއް ނޭނގި ހުރެ އޭނާ ދެއަތްތިލަ އެއްއަތް އަނެއްއަތާ ހާކާލަމުން ތުންފަތަށް ގޮތެއް ހަދާލިއެވެ. ފެންކަޅިވަމުން ދިޔަ މެހެނާޒުގެ ލޯ ފެނުމުން ޝުޢައިބަށް ދުރަކު ނުހުރެވުނެވެ. އޭނާ އައިސް މެހެނާޒުގެ ކޮނޑުގެ ދެފަރާތުން ހިފާ ގާތްކޮށްލަން ގަސްދުކުރި ކަހަލައެވެ. ނަމަވެސް އޭނާއަށް މެހެނާޒުގެ ގައިގާ އަތްނުލެވެނީސް، މެހެނާޒު ފަހަތަށް ފިޔަވަޅެއް އަޅާލުމާއެކު އިޝާރާތްކޮށްލީ އޭނާގެ ގައިގާ އަތްނުލުމަށެވެ.

“ނާޒް…” ޝުޢައިބު ގޮވާލީ ކިތަންމެ ގާތްކޮށް ނަމަވެސް އެ ގާތްކަމެއް މެހެނާޒަށް އިހުސާސްވި ހެނެއް ހިޔެއްނުވެއެވެ. އޭނާ ޝުޢައިބަށް ބަލަން ހުރެ ދެފަރާތައް ބޯހޫރާލިއެވެ.

“ނާޒް، މީވެސް އަހަރެންގެ ޢާއިލާއެއް، ސާރާއަކީ ނާޒް ފަދައިން އަހަރެންގެ އަނތްބެއް، އެ ދެކުދިންނަކީ އަހަރެންގެ ލޭ… ފަޒަލްގެ ކޮއްކޮމެން، ކުރިން ވެސް މިހުރިހާ ވާހަކައެއް ބުނަން އަހަރެން ބޭނުންވި….”

“ކޮންއިރަކު؟ އަހަންނަށް ފެނުނީމަތަ؟ ހުރިހާ ކަމެއް ބޭޒާރުވީމަތަ؟ ޝުޢައިބުގެ މަކަރުވެރިކަން އެނގުނީމަތަ؟ އަހަންނަށް މިހުރިހާ ކަމެއް ނޭނގުނުނަމަ ޝުޢައިބު ދުވަހަކު ވެސް މިކަން އަހަންނަށް އެނގުނަކަށް ނުދިނީސް…. އެންމެ އަހަރެއް ދެ އަހަރެއް ނޫންކަން އަހަންނަށް އެނގޭ ޝުޢައިބު މިކަން ކުރާތާ… އެހުރިހާ އަހަރުތަކެއް ވޭތުވެދިޔައިރު ޝުޢައިބަށް ނުބުނެވުނު، ދެން މިހާރު ކޮންވާހަކައެއް ތިދައްކަނީ…” ޝުޢައިބުގެ ވާހަކަ މެދުކަނޑާލާފައި މެހެނާޒު ބުންޏެވެ. ހިތަށްކުރި އަސަރު މެހެނާޒުގެ އަޑުން ވެސް ފާޅުވަމުން ދިޔައެވެ. އޭނާއަށް ވާހަކަދައްކަން އުނދަގޫވެ އަޑުތުރުތުރުލާ އަރުތެރެ ބެދޭ ގޮތްވިއެވެ. ލޮލަށް ޖަމާވަމުން ދިޔަ ކަރުނަތައްވީ ގިނައެވެ.

“ނާޒް، މިތާ އިށީންނަން އާދެބަލަ، މިވަގުތު ތިހުރީ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފަ، އެނގޭ މިހުރިހާ ވާހަކައެއް ކިޔައިދޭން މާ ބޮޑަށް ވެސް ލަސްވެއްޖެކަން، އެހެންވިޔަސް އަހަރެން ހުރިހާ ވާހަކައެއް ކިޔައިދޭން ފުރުޞަތުދީ” ޝުޢައިބު ވާހަކަދެއްކިއިރު އޭނާގެ މޫނުމަތިން ކަންބޮޑުވުން ފާޅުވޭވޭ ހުއްޓެވެ.

“އިތުރަށް ކިޔައިދޭނެ ވާހަކައެއް ދެން ނެތް، އަހަންނަށް ހުރިހާ މަންޒަރެއް ވެސް ފެނިއްޖެ… އެއްފަހަރު ވެސް ޝުޢައިބު ބުނި ނަމަ، މިހާރު އަހަރެން ބާވެއްޖެއޭ… އަހަންނާއެކު އުޅެން ބޭނުމެއްނުވެއޭ، އަހަރެން ދެކެ… އަހަރެން ދެކެ…” މެހެނާޒަށް ރޮވި އިތުރަށް އެންމެ ބަހެއް ވެސް ނުބުނެވުނެވެ.

“އަހަރެން އަދިވެސް ނާޒުދެކެ ލޯބިވޭ، މީ އަހަރެން ނާޒުދެކެ ލޯބިނުވާތީ ކުރިކަމެއްނޫން”

ޝުޢައިބުގެ ވާހަކަތައް އަޑުއަހާކަށް މެހެނާޒެއް ނުހުއްޓެވެ. އޭނާ ބާރު ބާރަށް ހިނގާފައި އެގެއިން ނިކުތެވެ. އޭނާގެ ފަހަތުން ޝުޢައިބު ނިކުތެވެ. ގޭގެ މައިދޮރޯށިން ނިކުމެވުމާއެކު މެހެނާޒު ދުއްވައިގަނެއްޖެއެވެ. ޝުޢައިބު، މެހެނާޒަށް ގޮވަމުން އޭނާގެ ފަހަތުން އައެވެ. މެހެނާޒު ހުންނަ ހޮޓެލް ހުރީ ކައީރީގައި ކަމުން ވަރަށް އަވަހަށް އޭނާއަށް ހޮޓަލަށް އާދެވުނެވެ. އޭނާގެ ފަހަތުން އައި ޝުޢައިބު އިތުރަށް ހައިރާންވިއެވެ. މެހެނާޒަށް ފޮރުވަމުން އައި ހަޤީޤަތް އޭނާއަށް އެނގެނީ ކިހާ މިންވަރަކަށްކަން ނޭނގޭތީ އެކަމާ ޝުޢައިބަށް ވިސްނާލެވުނެވެ. ހޮޓެލްގެ ރިސެޕްޝަނުގައި މެހެނާޒު އެއްޗެއް ބުނެފައި އަވަސް އަވަހަށް ލިފްޓާ ދިމާއަށް ދިޔައެވެ. ހޮޓަލްގެ ތެރެއަށް ވަދެގެން އައި ޝުޢައިބު ހޮޓެލްގެ ސެކިއުރިޓީ މީހުން ހިފެހެއްޓިއެވެ. އަދި މެހެނާޒުގެ ފަހަތުން ދިއުން މަނާކުރިއެވެ. ފުލުހުންނަށް ނުގުޅަނީސް ހޮޓަލުން ނިކުތުމަށް އެމީހުން އިންޒާރުދޭން ފެށުމުން ޝުޢައިބު އެންމެފަހުން އެނބުރި ދިޔައީއެވެ.

ކޮޓަރިއަށް ވަދެވުމާއެކު މެހެނާޒު އަތުގައި އޮތް ދަބަސް އަތުކޮޅަށް ހޫރާލިއެވެ. އެއާއެކު އައިސް އެނދުގައި އިށީނެވެ. އިރުކޮޅަކު އެހެން އިނުމަށްފަހު އޭނާގެ ބަޑިފަޅައިގެން ގޮސް އެނދުމައްޗަށް ވެއްޓިގަތެވެ. ޝުޢައިބު އެވަރުގެ ކަމެއް ސިއްރުކޮށްފާނެ ކަމަށް ކުޑަކޮށް ވެސް އޭނާއަށް މީގެ ކުރިން ހީކުރެވިފައެއްނެތެވެ. ޝައްކުވާނޭ އެއްވެސް ކަމެއް ޝުޢައިބު ނުކުރެއެވެ. މެހެނާޒު ބޭނުންވާ ވަރަށް އޭނާއަށް ލޯބިދެއެވެ. ވަގުތު ހުސްކޮށްދެއެވެ. މައްސަލައެއްކަމުގައި މެހެނާޒަށް ފާހަގަކުރެވުނީ އެންމެ ކަމެކެވެ. ކޮންމެ އަހަރަކު މަހެއްހާ ދުވަހަށް ޝުޢައިބު ފުރައިގެން ދާތީއެވެ. ކޮންމެ ފަހަރަކު ސިންގަޕޫރަށް ދާތީއެވެ. މެހެނާޒު އާދޭސްކުރިއަސް އެ ދަތުރު ކެންސަލެއް ޝުޢައިބު ނުކުރެއެވެ. އެތައް އިރަކު ރުއިމަށްފަހު މެހެނާޒު ދެ ލޯ ފުހެލިއެވެ. އަދި އަމިއްލަ ނަފްސާ ސުވާލު ކުރެވެން ފެށުނެވެ. ޝުޢައިބު އެވަރުގެ ބޮޑު އޮޅުވާލުމެއް އޮޅުވާލީ ކީއްވެކަމާމެދުއެވެ. އޭނާއަށް ޝުޢައިބަށް ނުދެވެނީ ކޮންއުފަލެއްބާއެވެ. ސާރާގެ ރީތިކަން މެހެނާޒަށް ވެސް އުނދަގޫކުރުވިއެވެ. ނަމަވެސް ހައިރާން ވެސް ވިއެވެ. މެހެނާޒަށް ސާރާ ނޭނގުނެއްކަމަކު ސާރާއަށް މެހެނާޒު ވަކިކުރަން އެނގުނީމައެވެ. ޝުޢައިބު، ސާރާގެ ގާތުގައި އޭނާގެ ވާހަކަ ބުނިއިރު މެހެނާޒަށް ސާރާގެ އެއްވެސް ކަމެއް ނޭނގުނީތީ އެކަމާ ވެސް އޭނާ ކުށްވެރިކުރީ ޝުޢައިބެވެ. ހަމައެއާއެކު ސާރާއަކީ ވަރަށް ވިޔާނުދާ އަންހެނެއްގެ ގޮތުގައި “ލޭބެލް” ކޮށްލިއެވެ. ޝުޢައިބުގެ އަނތްބަކު ހުންނަކަން އެނގި އެނގި ހުރެ އޭނާއާ ސާރާ ކައިވެނި ކުރީ އެއްވެސް ގޮތެއްފޮތެއް ނެތީމައި ކަމުގައި މެހެނާޒު ނިންމިއެވެ. އެހެންނޫންނަމަ އެހެންމީހެއްގެ ހައްޤަކަށް އަރައިގަންނާކަށް ނުކެރުނީހެވެ.

މެހެނާޒުގެ ފޯނަށް ޝުޢައިބު ގުޅާގުޅާ އޭނާ ފޯނެއް ނުނެގިއެވެ. އެތައް މެސެޖެއް ޝުޢައިބު ފޮނުވިއެވެ. އެއްވެސް ޖަވާބެއް ނުލިބުނެވެ. ފިކުރުބޮޑުވެގެން ނިތްކުރީގައި ހިފަހައްޓާލައިގެން އިންދާ އޭނާގެ ގާތުގައި ސާރާ އައިސް އިށީނެވެ.

“މިވަގުތު ޝުޢައިބު ހުންނަންވާނީ އޭނާގެ ކައިރީ” ސާރާ އިނގިރޭސި ބަހުން ބުނެލިއެވެ.

“އެ ހޮޓަލަށް އަހަރެން ވަނަ ވެސް ނުދިން، ގުޅާގުޅާ ވަރުބަލިވެއްޖެ، އަހަންނަކަށް ނޭނގެ އޭނާގެ ކައިރިއަށް ދާން ހަދާނީ ކިހިނެއްކަމެއް، ނާޒްގެ ގޮތް ރަނގަޅަށް އެނގޭތީ އަހަރެން އެއްވެސް ވާހަކައެއް ނުބުނެ މިހާ ދުވަސްވާންދެން ހުރެވުނީ” ޝުޢައިބު އިސްޖަހާލައިގެން އިނދެ ވާހަކަދެއްކިއެވެ.

“އޭނާ ހީކުރާނެ އަހަރެން ޝުޢައިބު އަތުލިއްޔޭ، އެކަމަކު މިހާރު އަހަންނަށް ވެސް ޝުޢައިބުއާ ނުލާ ނޫޅެވޭނެ…” ސާރާ ކަމަކަށް ގެއްލިފައި އިނދެފައި ބުނެލިއެވެ.

“ތިކަހަލަ ވާހަކަ ނުދައްކާ، އަހަރެން ނާޒް ދޫކޮށްލާކަށް ދުވަހަކު ވެސް ނުވިސްނަން، އޭގެ މާނައަކީ އަހަރެން ސާރާ ދޫކޮށްލާނެއެކޭ ނޫން، ކައިވެނި ކުރިއިރު ވެސް ސާރާއަށް އެނގޭނެ އަހަރެންގެ ހުރިހާކަމެއް، އަހަރެން ކުރިން ވެސް ބުނިން މިކޮޅުގައި ސާރާއާއެކު އުޅެން އާދެވޭނީ ނާޒް ޤަބޫލުވި ދުވަހަކުންނޭ، އެވެސް އޭނާ ގޮވައިގެން، އެކަމަކު ކުޑަދުވަސްކޮޅަކަށް އައިސް މި ޢައިލާގެ ތެރޭގައި ހުރެވިދާނެއޭ… އަހަންނަށް އެނގޭ ސާރާއަށް މިހުރިހާ ކަމެއް ވިސްނޭކަން، އެހެންވީމަ މިވަގުތު އަހަރެން އިތުރަށް ހާސްނުކުރޭ” ޝުޢައިބު، ސާރާގެ އަތުގައި ހިފާލަމުން ބުނެލިއެވެ.

“މާފުކުރޭ، ނާޒް، ޝުޢައިބުގެ ގާތުން އެ ފަދަ ކަމަކަށް އެދިދާނޭތީ އަހަރެން ބިރުގަތީ، އެއީ ޝަކުވާކުރާކަށް ބުނި އެއްޗެއްނޫން، ނާޒް ހުރި ހޮޓެލްގެ މެނޭޖަރަކީ އަހަރެންގެ ރައްޓެއްސެއް، އޭނާ ގާތު ބުނެގެން ނާޒްއާ ބައްދަލުވެވޭގޮތް ހެދިދާނެ، އެކަމަކު އެގޮތް ޝުޢައިބު ބޭނުންވާނަމަ” ސާރާ ހިނިތުންވާން މަސައްކަތްކުރިއެވެ.

“މިހާރު މާ ލަސްވެއްޖެ ދާން، އެހެންނޫނަސް މިހާރު ގޮސް ވާހަކަދެއްކިއަސް ނާޒް އަޑެއް ނާހާނެ، އެއަށްވުރެ އޭނާ ހުންނަނީ ރުޅި އައިސްފައި، އެހާމެ ގޮތްދޫނުކުރާނެ… ކުޑަކޮށް ވެސް ވިސްނާލާކަށް ބޭނުމެއްނުވާނެ… ދެން ހެނދުނުން ދާން ހަދާނީ… ސާރާއަށް ވަންޏާ އެހާއިރަށް އެކަން ހަމަޖައްސައިދޭންވީނު” ޝުޢައިބު މިހެން ބުނުމުން ސާރާ ބޯޖަހާލިއެވެ. އަދި ތެދުވެގެން ފޯނު ބަލާދިއައެވެ.

“މިހާރު އޭނާ ހުރީ ޑިއުޓީގައި، އެކަމަކު ބުނި ހެނދުނު ޝުޢައިބު އަންނަންދެން އޭނާ މަޑުކުރާނަން ކަމުގައި، އަދި ނާޒްގެ ކޮޓަރިއާ ހަމައަށް އޭނާ ޝުޢައިބު ގެންގޮސްދޭނެ” ސާރާ ފޯނުން ވާހަކަދައްކާ ނިމިގެން ޝުޢައިބުއަށް ބަލާލާފައި ބުނެލިއެވެ. ވަކި އެއްޗެއް ނުބުނެ ޝުޢައިބު ބޯޖަހާލީއެވެ.

ވިސްނަން އެތައްއިރަކު އޮވެފައި މެހެނާޒު ތެދުވިއެވެ. އަދި ވަގުތުން ފުރަން ޓިކެޓު ހަމަޖެއްސުމުގައި އުޅުނެވެ. އެތައްވަރަކުން ފަތިހު ފުރާ ފްލައިޓުން އޭނާއަށް ޖާގަލިބުނެވެ. ހުރިހާ ކަމެއް ހަމަޖެހުމާއެކު ރަނގަޅަށް އެއްޗެހިތައް ނުނަގާ ހުރި ފޮށި ބަންދުކުރުމަށް ތައްޔާރުވާންފެށިއެވެ. ހޮޓެލްގައި އޭނާ މަޑުކުރާކަށް އެއްގޮތަކަށް ވެސް ބޭނުމެއްނުވިއެވެ. ފޮށިތައްޔާރުވުމާއެކު އެ ހިފައިގެން މެހެނާޒު އައިސް ރިސެޕްޝަނުގައި މަޑުކޮށްލިއެވެ. އެތަނުން މެހެނާޒަށް ޓެކްސީއެއް ހަމަޖައްސައިދިނުމުން ސީދާ އެއަރޕޯޓަށް އޭނާ ދިޔައެވެ. އަދި ފްލައިޓްގެ ވަގުތު ޖެހެންދެން އޭނާ އިނީ އެތަނުގައެވެ. އިތުރަށް ޝުޢައިބުގެ ސޫރަ ވެސް ދެކެން ބޭނުންނުވާ ކަހަލައެވެ.

* * * *

ހެނދުނު ސައިބޯން ހޭލާތީވެ އެކަމަށް ފަޒަލް އާއި މިލާން ވެސް ތިބީ އާދަވެފައެވެ. ކާކޮޓަރީގައި އެމީހުންނަށް ސައިތައްޔާރު ކުރުމަށް ޝީލާ އުޅެއެވެ. އެހެން ދުވަސް ދުވަހާ ޚިލާފަށް އެ ދެމަފިރިން ސައިބޮއެގެން ނިކުތީ ވަރަށް ހިތްހަމަ ޖެހިލާފައި ތިބެއެވެ. އެމީހުންނާއެކު ނައިރާ ވެސް ބައިވެރިވިއެވެ. މަޖާ ވާހަކައެއްގައި ތިން މީހުން ކާކޮޓަރިން ނިކުމެގެން ބޮޑުކޮޓަރިތެރެއަށް އައެވެ. ޝައުގުވެރިކަމާއެކު އިނގިރޭސި ފިލްމެއް ބަލަން ތިބި ތިން މީހުންގެ ސަމާލުކަން އަތުލީ ފޮށި ދަމަމުން ގޭތެރެއަށް ވަން މެހެނާޒެވެ. އޭރު އެމީހުން ސައިބޮއެގެން އައިތާ ގަޑިއިރަކަށްވުރެ ގިނައިރު ވެއްޖެއެވެ. ހެނދުނު ދިހައެއް ޖަހަނީއެވެ.

ތިން މީހުންނަށް ސޯފާއިން ތެދުވެވުމާއެކު މެހެނާޒަށް ބަލަހައްޓައިގެން ތިބެވުނެވެ. މޭކަޕް ކުރުމަށް ލޯބިކުރާ މެހެނާޒު ފެންނަނީ މުޅިން އެހެން މީހެއްގެ ސިފައިގައެވެ. ގައިގާ އޮޅާލާފައި އޮތް ބޮޑު ޝޯލްގެ ކަންގަނޑު އެއްފަރާތައް ސޮހިފައި އޮތެވެ. ފަންކޮށްފައި އޮތް އިސްތަށިގަނޑު އޮމާންކޮށްފައި ހުރި ހެނެއް ހިޔެއްނުވެއެވެ. ލޯކައިރީގައި ހުރި އަނދުންތައް ފޭދިގެން ގޮސްފައި ހުރި އިރު ވެސް ސާފުކޮށްލާފައި ނުވެއެވެ. ތިން މީހުންނަށް ވެސް ޝޮކެއް ލިބިފައި ތިބިހެން މެހެނާޒުގެ ހަރަކާތްތަކަށް ބަލަހައްޓައިގެން ތިބެވުނީއެވެ.

“ޝީލާ…. ޝީލާ… މަގޭ ފޮށި ކޮޓަރިއަށް ގެނޭ” މެހެނާޒުގެ އަޑުގައި ހުރީ ހަރުކަށިކަމެވެ.

“މަންމާ” ފަޒަލް، މެހެނާޒަށް ގޮވާލުމުން ވެސް އަނގައިން ނުބުނި ތަނުގައި ބަލާ ވެސް ނުލާ އޭނާ ބެލީ އަވަހަށް ކޮޓަރިއަށް ދެވޭތޯއެވެ.

“މަންމައަށް ކޮންމެވެސް ކަމެއްވެއްޖެހެން ހީވަނީ، ފުރައިގެން ދަމުން ބުނި ވަރަށް ގިނަ ދުވަސް ވެދާނެއޭ… ކިހިނެއްވީބާ ކުއްލިއަކަށް އެ އައީ… ފަޒަލް، އަހަންނަށް ފެންނަނީ ބައްޕައަށް އަންގަން، މަންމަ ހީވަނީ ރޮވިފައި ހުރިހެން، ވަރަށް ބޮޑުކަމެއްވެއްޖެ، އެހެންވެކަންނޭނގެ ކުއްލި ގޮތަކަށް މާލެ އެ އައީ” މިލާން ހާސްވެފައި ހުރެ ފަޒަލްގެ އަތުގައި ހިފާލަމުން ވާހަކަދެއްކިއެވެ.

“މެހެނާޒް އާންޓީ ދުވަހަކު ވެސް ހުންނަ ގޮތެއް ނޫން އެއީ… އަހަންނަށް ވެސް ހީވޭ ކޮންމެ ވެސް ކަމެއް ގޯސްވެއްޖެހެން” ނައިރާ ވެސް ލިބިފައި ހުރި ހައިރާންކަމާއެކު ވާހަކަދެއްކިއެވެ.

“އަންނާނަން މަންމަގެ ގާތަށް ގޮސްފައި، ބައްޕައަށް ގުޅިޔަސް ކުއްލިއަކަށް ކިހިނެއް މާލެ އަންނާނީ، އަހަރެން އަންނާނަން ވެގެން އުޅޭގޮތެއް އޮޅުން ފިލުވާފައި” ފަޒަލް ވިސްނާލާފައި ބުނެލިއެވެ. އަދި ހަލުވިކޮށް މެހެނާޒުގެ ކޮޓަރިއާ ހަމައަށް އޭނާ އައެވެ.

“މަންމާ! މަންމާ!… މީ މަށޭ… ފަޒަލް” ދޮރުގައި ޓަކިޖަހަމުން ފަޒަލް ވާހަކަދެއްކިއެވެ. ނަމަވެސް އެއްވެސް ޖަވާބެއް މެހެނާޒު ނުދިނެވެ. ފަޒަލް ކުރާ އެއްވެސް ސުވާލަކަށް ޖަވާބެއް ނުލިބުނެވެ. އެއާއެކު ކަމެއް ވަރަށް ގޯސްވެއްޖެކަމުގައި ފަޒަލްއަށް އިހުސާސް ކުރެވިގެން ދިޔައެވެ. އަވަހަށް އެންމެ ސިކުންތެއް ވެސް ލަސްނުކޮށް އޭނާ ޝުޢައިބަށް ގުޅިއެވެ.

“ބައްޕާ، މަންމައަށް ކޮންމެވެސް ގޮތެއްވެއްޖެ…” ހާސްވެފައި ހުރި ފަޒަލްގެ އަޑާއިއެކު ފޯނުގެ އަނެއްކޮޅުން ވާހަކަދައްކަމުން ދިޔަ ޝުޢައިބު ސިހުނެވެ.

“އޭން! ގޮތެއްވިއްޔޭ… ކިހިނެއްވީ؟”

“ނޭނގެ، މަންމަ މީގެ ދެތިން ދުވަހެއް ކުރިން ކުއްލިއަކަށް ފުރައިގެން ދިޔައީ ރައްޓެއްސަކާއެކު ރިސޯޓަށް، މިއަދު ހެނދުނު އެނބުރި އައިރު ހުރީ ވަރަށް ދެރަވެފައި ހުރިހެން، އެކަކާ ވެސް ވާހަކައެއްނުދެއްކި، ކޮޓަރިއަށް ވަންގޮތަށް ނުއެއްނުކުތް، ހަދާނެގޮތެއް ނޭނގިގެން ބައްޕައަށް މިގުޅީ…. މަންމައަކީ ރުޅި ގަދަ މީހެއް، އެކަމަކު އަޅުގަނޑާ ވާހަކަނުދައްކައެއް ނުހުރޭ” ފަޒަލް ބުނެލިއެވެ.

“މަންމަ ހުރީ މާލޭގައި ދޯ… ބައްޕަ މާލެ ދާން މިއުޅެނީ، މެންދުރުފަހުގެ ވަގުތެއްގައި އިރާދަކުރެއްވިއްޔާ ހުންނާނީ މާލޭގައި، ދަރިފުޅު މަންމައަށް ރަނގަޅަށް ބަލައްޗޭ” ޝުޢައިބު މިހެން ބުނެ ފޯނުކޯލު ކަނޑާލިއެވެ.

“މަންމަ ގާތު ބުނަންތަ މެހެނާޒު އާންޓީއަށް ވީގޮތެއް ބަލަން އައިސްދޭށޭ، ފަހަރެއްގައި މަންމަ އަންނަނިކޮށް މެހެނާޒު އާންޓީ ވާހަކަދައްކަފާނެ” ނައިރާ ޚިޔާލު ފާޅުކުރިއެވެ.

“ނޫން، އެހެން ހަދާނެކަމެއްނެތް، ފަހަރެއްގައި މަންމަ ވަރުބަލިވެފައި ހުރީ ކަމަށްވެސް ވެދާނެ، ނިދަން ބޭނުންވެފައި ވެސް ހުރެދާނެ، މިކަން މާބޮޑުކޮށްލަނިކޮށް އިތުރަށް މަންމަ ހިތްހަމަނުޖެހޭނީ، ބައްޕަ ވެސް ބުނެފި މިއަދު މާލެ އަންނާނެ ވާހަކަ” ފަޒަލް ބުނެލިއެވެ.

ނައިރާ، ރުހައިލުއާ ދުރުދުރުން އުޅޭކަން ރުހައިލަށް ފާހަގަކުރެވުނެވެ. ނަމަވެސް އޭނާއެކަމާ ސުވާލު ކުރުމުގެ ބަދަލުގައި ބެލީ ނައިރާ ބޭނުންވާ ގޮތަށް ދުރުމިން ބަހައްޓައިގެން އުޅެވޭތޯއެވެ. ހީވީ ދުވަސްތަކަކަށް ފަހު މިނިވަންވެލާނޭ ފުރުޞަތެއް ރުހައިލަށް ލިބުނު ހެނެވެ. އޭނާ އެކަނި އަމިއްލަ ޚިޔާލުތަކުގެ ތެރެއަށް ގެއްލި އިނުމަށް ފުރުޞަތު ލިބިގެން ދިޔައީއެވެ. އެހެންވެ ނައިރާގެ މި ބަދަލު ފާހަގަވި ކަމަށް އޭނާ ނުހަދައެވެ. އެއްވެސް ކަމެއް ނޭނގޭކަމަށް ހެދިގެން ހުރީ އެވެ. އެގޮތުން އޭނާ އޮފީހުގައި އިނދެފައި ބޯހަމަޖައްސާލުމަށްޓަކައި ބޭރަށް ނިކުމެލި ވަގުތެކެވެ. އެކަނިމާ އެކަނި ރެސްޓޯރެންޓެއްގެ ހާމަބައިގައި ހުރި މޭޒެއްގެ ދޮށުގައި ކޮފީއަކާއި ސިނގިރޭޓެއް ބޯލުމަށް އިނެވެ. އެހެން އިން އިރު އޭނާގެ ލޮލުގައި އަޅައިގަތީ މަގުގެ އެއްފަރާތުގައި މަޑުކޮށްލި ކާރެވެ. އޭގެ ތެރެއިން ނިކުތީ ދެބައި އުމުރުގެ ދެ ފިރިހެނުންނެވެ. އެތަނުން އެކަކީ ކާކުކަން ރުހައިލަށް ވަގުތުން އެނގުނެވެ. ވަށައިގެންވާ ލަކުޑިރެއިލިންގގައި އަތްއަޅުވާލަމުން އެމީހުން ދާ ދިމާއެއް ރުހައިލު ބެލިއިއެވެ. އޭނާގެ ނަސީބު ރަނގަޅުވީތީ އަމިއްލަ ނަފްސަށް ހިނިތުންވެލިތަން ފެނުނެވެ. އަދި އެތަނަށް އަރަން ހުރި ދޮރާ ދިމާއަށް ބަލަހައްޓައިގެން އިންދާ އެއްކަލަ ދެ ފިރިހެނުން އައިސް ހުސްމޭޒެއްގެ ދޮށުގައި އިށީނދެއްޖެއެވެ. އަވަސް އަވަހަށް ދެއިނގިލިން ހިފަހައްޓާލައިގެން އިން ސިނގިރޭޓުބުރި އަޅިކެނޑިތެރެއަށް ފިސްކޮށްލިއެވެ. އަދި ކޮފީތަށީގައި ބާކީ ހުރި އެތިފޮދު އެއްކޯވަރުން ބޯލުމާއެކު ބިލަށް ފައިސާ ލައިފާ ރުހައިލު ތެދުވިއެވެ. އޭނާ އައިސް ހުއްޓިލީ އެއްކަލަ ދެ ފިރިހެނުން ތިބި މޭޒު ކައިރީއެވެ.

“އައްސަލާމް އަލައިކުމް” މޭޒުދޮށުގައި ތިބިތަނުން އެކަކަށް ރުހައިލު އަތްދިއްކޮށްލިއެވެ.

“ވައިލައިކުމުއްސަލާމް”

“ނޭނގުނުތޯ، އަޅުގަނޑަށް ކިޔަނީ ރުހައިލު، އަޅުގަނޑުމެން ގޭގައި އަރުފީ… އަރުފީނު ކިޔަވަން ހުރީ، ތީ އަރުފީނުގެ ބައްޕަ ނޫންތޯ” ޙައިދަރު ސަލާމް ބަލައިގަނެފައި އެއްޗެއް ނުބުނެ އިންނަން ފެށުމުން ރުހައިލު ވާހަކަދައްކަން ފެށިއެވެ. އެއާއެކު ޙައިދަރުގެ ހައިރާންކަން ފިލާ ބީރައްޓެހިގޮތް ކެނޑިއްޖެއެވެ. އަދި ރުހައިލަށް ހިނިތުންވެލިއެވެ.

“މިހާރު އަރުފީނު ކޮބާތޯ، އެއްގޮތަކަށް ވެސް ޚަބަރެއްނުވޭ، ނުވެސް ފެނޭ… އަޅުގަނޑު މަންމަ ވަރަށް ހަނދާންކުރޭ އަރުފީނު މަތިން، އަރުފީނު ގުޅާ ވެސް ނުލާވިއްޔާ” ރުހައިލު ހިނިތުންވެލިއެވެ.

“އަރުފީނު ކިޔަވަން ރާއްޖޭން ބޭރަށް ގޮސްފައިވީ، ދެތިން އަހަރުތެރޭ އެއްކޮށް ނިމޭނެ، ނިންމާފައި ނޫނީ ނާންނަން އޭނާ އެ ހުރީ، އެހެންވެ އެއްގޮތަކަށް ވެސް ނުފެންނަނީ، ވަރަށް އުފާވެއްޖެ ޝާރުދާ، އަރުފީނު މަތިން ހަނދާންކުރާކަން އެނގުނީމަ، މާލެ އަތުވެއްޖެނަމަ އަޅުގަނޑު ބުނާނަން އަރުފީނު ގާތު ތިގެއަށް ގޮސްލުމަށް…” ޙައިދަރު ބުނެލިއެވެ.

“އަރުފީނާ ގުޅޭނެ ނަންބަރެއް ދެއްވަންވީނޫންތޯ، ދުރުގައި ހުއްޓަސް އެކުވެރިކަން ބާއްވަންވާނެއެއްނު” ކެތްތެރިކަން ކުޑަވެފައި އޮތް ހިތަކާއެކު ރުހައިލު ވާހަކަދެއްކިއެވެ. ހީވަނީ ލިބުނު ފުރުޞަތު ގެއްލުމުގެ ކުރިން އޭގެ ފައިދާ އެންމެ ފުރިހަމައަށް ހިފަން ތައްޔާރުވެ ހުރި ހެނެވެ. މީގެ ކުރިން ދުވަހަކު ވެސް ޙައިދަރުއާ އިސްނަގާ ރުހައިލު އަނގައިން ބުނެފައެއް ނުވެއެވެ. ނަމަވެސް އަރުފީނުގެ މަތީން ހަނދާންވާ ކޮންމެ ފަހަރަކު އޭނާއަށް އެވާގޮތެއް ޚުދު ރުހައިލަށް ވެސް ނޭނގެއެވެ. ހިތްވަރު ބޭނުންވި ވަގުތު ލިބިގެން ދިޔައީ އެހެންވެއެވެ.

“އަރުފީނުގެ ބޭބެ އޭނާއާއެކު އެކޮޅުގައި ހުންނަނީ، އޭނާގެ ފޯނަށް ގުޅަން ޖެހޭނީ އަރުފީނާ ވާހަކަދައްކަން، ފޯނެއް ގެންގުޅޭ ޚިޔާލެއް އަރުފީނު ނުކުރޭ، ނަންބަރު ދޭން އުނދަގުލީ އެހެންވެ، އަޅުގަނޑުމެންނާއެކު މޭޒުދޮށުގައި ބައިވެރިވެލަންވީ ނޫންތޯ” ޙައިދަރު ދައުވަތުދިނެވެ.

“ޝުކުރިއްޔާ، އެކަމަކު މިވަގުތު މަޑުކުރެވޭކަށްނެތް، އޮފީހަށް ދާން މިދަނީ، ވަރަށް އުފާވެއްޖެ ބައްދަލުވީމަ” ރުހައިލު ހިނިތުންވެލަމުން ޙައިދަރުއާ ސަލާމްކޮށްލިއެވެ. އަދި އެތަނުން ނިކުތުމަށް ސިޑިއާ ދިމާއަށް ދިޔައެވެ.

“އެއީ މަލީކުގެ ހަގު ދަރިފުޅު ދޯ” ޙައިދަރުގެ ކުރިމަތީ އިން ލުތުފީ އަހާލިއެވެ.

“ނޭނގެ، އެގެއަށް ދެވުނު ހުރިހާ ފަހަރަކު ވެސް ފެނިފައި ހުރީ އޭނާ، ހިޔެއްނުކުރަން އެމީހުން އަހަރެން އަރުފީނާ މެދު އެހާ ގާތްކޮށް ދެކެފާނެކަމަކަށް، އެގެއަށް ގޮސްފައި އައިފަހުން އަރުފީނު ވެސް ވަރަށް ބަދަލުވެއްޖެކަން އަހަންނަށް ފާހަގަކުރެވުނު، ކުރިން އުޅޭހެން ހަލަނިވެގެން އުޅުމުގެ ބަދަލުގައި މަޑުމައިތިރިކޮށް އުޅެން ދަސްވި، އެންމެ އުފާވީ އަންހެންކުއްޖެގެ ފަރާތުން ފެންނަންޖެހޭނެ ސިފަތައް އަރުފީނުގެ ފަރާތުން ފެންނަން ފެށީމަ، އަހަރުމެންގެ ކައިރީ ހުރެ ނުވިކަމެއް އެއީ… ފުރަތަމަ ހިތަށްއެރީ އެގެއަށް ދިއުމުން އަރުފީނަށް ޖެހޭނީ ކޮންހާލެއްބާއޭ، މާލޭގެ ބޭފުޅުންގެ ގޭގޭގައި ކިޔަވަން ބަހައްޓާ ކުދިން އުޅޭންޖެހޭ ގޮތުގެ ވާހަކައަކީ އައު ވާހަކައެއްނޫންވިއްޔާ، އެހެންވެ ވަރަށް ޖެހިލުންވެފައި ހުރެ އެގޭގައި އަރުފީނު ބަހައްޓާފައި އައީ، އެކަމަކު ދެކެބަލަ… އެމީހުން އަރުފީނާމެދު ވިސްނާވަރު” ޙައިދަރު ހުރިހާ ވާހަކައެއް ދެއްކީ ވަރަށް ހިތްހަމަޖެހިފައި ހުރެއެވެ.

“އެމީހުންނަކީ މީހުންނަށް ވަރަށް ރަނގަޅުބައެއް، ޚާއްޞަކޮށް މަލީކުގެ އަންހެނުން ޝާރުދާ” ލުތުފީ ބުނެލިއެވެ.

ދެމީހުންގެ ވާހަކަ އެހިސާބަށް ދިޔައިރު ވައިޓަރު މީހާ އައިސް މޭޒުކައިރީ މަޑުކޮށްލައިފިއެވެ. އެއާއެކު ޙައިދަރު އާއި ލުތުފީ ކާން ބޭނުންވާ އެއްޗިއްސަށް އޯޑަރ ދީފިއެވެ. އަދި ދެމީހުންގެ މެދުގައި ވިޔަފާރީގެ ވާހަކަތައް ފެށުނެވެ.

ރުހައިލު އެނބުރި އޮފީހަށް އައިސް ވަންއިރު އޭނާ ހުރީ ވަރަށް ހަމަޖެހިފައި ހުރި ހެންނެވެ. މޭޒުދޮށުގައި އިން މަލީކަށް ރުހައިލު ފެނުމުން އޭނާ ދިޔަތަނަކާމެދު ސުވާލުކޮށްލިއެވެ. މާގިނަ ވާހަކައެއް ދެއްކުމެއްނެތި ކޮފީއެއް ބޯލުމަށް ދިޔައީ ކަމުގައި ބުންޏެވެ. އެކަނިމާ އެކަނި ކޮފީ ބޯލުމަށް ރުހައިލު ދިއުމުން މަލީކަށް ވިސްނާލެވުނެވެ. ރުހައިލު މީހުންނާ ގުޅުންބާއްވަން ބޭނުންނުވާހެން ހީވާތީއެވެ. ގިނަ ކަންތައްތަކާ ރުހައިލާ ވާހަކަދައްކަން މަލީކު ބޭނުންވެއެވެ. އެހެންނަމަވެސް ދަރިފުޅުގެ ދިރިއުޅުމުގެ ތެރެއަށް އޭނާއަށް މާބޮޑަށް ވަދެވޭހެން ހީވާތީ އެއްޗެއް ބުނަން ޖެހިލުންވަނީއެވެ. ކުރިއާ ޚިލާފަށް ރުހައިލު ވެސް ފެންނަނީ މަލީކުއާ ދުރުހެލިވާތަނެވެ. ބަސްމަދުވެ މަލީކު ފެންނަ ހިސާބަށް ނިކުމެ ނޫޅޭތަނެވެ. ރުހައިލު އޮފީހަށް އަންނަނީ ގޭތެރޭގެ މާޙައުލާ ދުރުވެލަން ކަމަށްވުމީ ވެސް މަލީކަށް ވަރަށް ޔަޤީންކުރެވިފައިވާ ކަމެކެވެ. ވަރަށް ފަސޭހައިން ބަހަނާއެއްކަމުގައި އޮފީހުގެ ކޮންމެވެސް ކަމެއް އޭނާ ނަގަނީ އެހެންވެކަމަށްވުން ވަރަށް ގާތެވެ.

އޮފީސް ނިންމާފައި މަލީކުއާއެކު ރުހައިލު އައިސް ގެއަށް ވަނެވެ. އެހެންނާ އެމީހުންގެ އިންތިޒާރުގައި ތިބޭ ޝާރުދާ އާއި ނައިރާއެއް ފެންނާކަށް ނެތެވެ. ރުހައިލު އެއްޗެއް ނުބުނެ ލިފްޓާ ދިމާއަށް ހިނގައިގަތެވެ. ނަމަވެސް މަލީކު ގޭގައި މަސައްކަތްކުރަން އުޅޭ ޖައުހަރީ ގޯތިތެރޭގައި ފެންނަން ހުރުމުން އޭނާއަށް ގޮވާލިއެވެ.

“އެކަކު ވެސް ގޭގައި ނެތީތަ؟” މަލީކު ބުނެވެ.

“މެހެނާޒުމެޑަމް ގެއަށް ދުރުވީ” ޖައުހަރީ ބުނެލިއެވެ.

މަލީކު ފޯނު ނަގާ ޝާރުދާއަށް ގުޅާލިއެވެ. އެއާއެކު ލިބުނީ ނުބައި ޚަބަރެކެވެ. މެހެނާޒު އާއި ޝުޢައިބުގެ މެދުގައި އަރާރުމެއް ހިނގައި، މެހެނާޒު ރޯވަރުން އެގެއަށް އައިސް އުޅޭކަމުގައި ޝާރުދާ ބުންޏެވެ. އެހިނދު އިތުރު އެއްވެސް ކަމެއް ކުރަން ނޫޅެ ވަގުތުން ގޭގެ ބިއްދޮށުން މެހެނާޒުމެންގެއަށް ވަދެގެން ހުރި ދޮރާ ދިމާއަށް އޭނާ ހިނގައިގަތެވެ.

“އަންކަލް…” ސޯފާގައި އިން ފަޒަލްއަށް ހަރުކޮށް ވަދެގެން އައި މަލީކު ފެނުމުން ކޮޅަށް ތެދުވެވުނެވެ.

“ކޮބާ މަންމަ” މަލީކު އަހާލިއެވެ. އެއާއެކު ފަޒަލް ބަލާލީ ސިޑިން މައްޗަށެވެ. އޭނާ ވާހަކަދައްކަންދެން މަލީކު މަޑެއްނުކުރިއެވެ. ހަލުވިކޮށް ސިޑީގެ ހަރުފަތްތައް ގިރާކުރަމުން މެހެނާޒުގެ ކޮޓަރިއަށް އޭނާ އައެވެ.

ހަޝަމްބަދެލައިގެން ކޮޓަރީގެ އެއްފަރާތުގައި ޝުޢައިބު ހުރީ ކަންބޮޑުވެފައެވެ. އެނދުގެ އަރިމަތީ އިށީނދެލައިގެން މެހެނާޒު އިންއިރު އޭނާގެ ގާތުގައި ޝާރުދާ އިނެވެ. މެހެނާޒަށް ހަމަ ރޮވެނީއެވެ. އެތަނަށް ވަން މަލީކު ފެނި އިތުރަށް ޝުޢައިބު ކަންބޮޑުވިއެވެ.

“ކިހިނެއްތަ ވެގެން މިއުޅެނީ” މަލީކު މިހެން ބުނެލުމާއެކު މެހެނާޒު ދެއަތުން މޫނު ފޮރުވާލިއެވެ. އަދި އޭނާގެ ރުއިމުގެ އަޑު މަލީކަށް އިވިގެންދިޔައެވެ.

“ޝުޢައިބު…” މެހެނާޒުގެ ފަރާތުން ޖަވާބެއް ނުލިބޭނެކަން މަލީކަށް އެނގުނީ ކަންނޭނގެއެވެ. އޭނާ ޝުޢައިބަށް ގޮވާލަމުން އޭނާގެ ގާތުގައި މަޑުކޮށްލިއެވެ. އިސްޖަހާލި ގޮތަށް ޝުޢައިބު އެއްފަރާތަކަށް އެނބުރެވުނީ މަލީކުއާ ކުރިމަތިލައިގެން ހުރުން އުނދަގޫވީމައެވެ.

“ޝުޢައިބު ސިންގަޕޫރުން މީހަކާ އިނީ، ދެ ކުދިން ވެސް އެބަހުރި” ޝާރުދާ މިހެން ބުނިއިރު ހީވީ އޭނާއަށް ކެތްނުކުރެވިގެން ބުނެލިހެންނެވެ. މަލީކުއަށް ލިބުނީ ހައިރާންކަމެވެ. ޝުޢައިބަށް ބަލަން ހުރެފައި އޭނާގެ މުލައްދަނޑީގައި ހިފާ ކޮޓަރިން ނެރެގެން އެއްފަރާތަށް ދިޔައެވެ. ވަށައިގެން ހޯދާލުމާއެކު އަވަސް އަވަހަށް ޖެހިގެން ހުރި ކޮޓަރީގެ ތެރެއަށް ވަދެ ދޮރުލެއްޕިއެވެ.

“ޝުޢައިބު ހަމަހޭގަތަ ތިހުރީ” މަލީކުގެ އަޑުގައި ހަރުކަށިކަން އެކުލެވިގެން ދިޔައެވެ.

“ހުރިހާކަމެއް ވެސް ކުރީ ވަރަށް ވިސްނާފައި” ޝުޢައިބު އިސްޖަހާލައިގެން ހުރެ ވާހަކަދެއްކީ މަޑުމައިތިރިކަމާއެކުއެވެ.

“ދެން މެހެނާޒު އޯ… ޝުޢައިބަށް ނޭނގޭތަ އޭނާ ޤަބޫލުނުވާނެކަން، އަހަރެންމީ އޭނާގެ ޢާއިލާމީހާ، ތީ އޭނާގެ ފިރިމީހާ، އަހަންނަށްވުރެ ބޮޑަށް މެހެނާޒުގެ ގޮތް އެނގޭނީ ޝުޢައިބަށް” މަލީކު ބުނެލިއެވެ.

“ނާޒް ގާތު ނުބުނެވުނީ އެހެންވެ، އޭނާއަށް އަޅުގަނޑުގެ އިތުރު އަނތްބަކު ހުންނަކަން އެނގުނީމަ މިހެން ވާނޭކަން މާކުރިން ވެސް އަޅުގަނޑަށް އެނގޭ، އަޅުގަނޑު މިހެން ކަންތައްކުރީ ކީއްވެކަން ނާޒް އެއްފަހަރު ވެސް އަޑުއެހިއްޔާ ވާނީ ކީއްތޯ، ދެމަފިރިންގެ ދެމެދު ހިނގާ ކަންތައްތަކުގެ ތެރެއަށް އެހެން މީހުން ވައްދަންވާނީ ދެމަފިރިންނަށް އެކަމެއް ހައްލުނުކުރެވުނިއްޔާ ނޫންތޯ…. ނާޒްއަކަށް ދުވަހަކު ވެސް ނުވިސްނޭނެ، އޭނާއަށް އަބަދުވެސް މުހިއްމުވާނީ އޭނާގެ ނަފްސު، އެހެންމީހުންގެ އިހުސާސްތަކަށް ކުޑަ ވެސް ޤަދަރެއްނުކުރާނެ….” ޝުޢައިބުގެ ވާހަކަތަކުން މަލީކު ހިތްހަމަނުޖެހުނެވެ. އެހެންނަމަވެސް ކޮންމެވެސް ވަރަކަށް ޝުޢައިބުގެ ވާހަކަތައް ޤަބޫލުކުރެވުނެވެ.

“އަހަންނަށް އެނގޭ ޝުޢައިބު ކޮންމެ އަހަރަކު ސިންގަޕޫރަށް ދަނީ ރަނގަޅުކަމަކު ނޫންކަން، އެކަމަކު ހިތަކަށް ނާރާ އެކޮޅުގައި އަނތްބަކު ބަހައްޓައިގެންނޭ ތިއުޅެނީ، އަހަރެން ނުބުނަންތަ ޝުޢައިބު ގާތު ތިކުރާކަމެއް ގިނަ ދުވަހު ސިއްރުވެފައި ނޯންނާނެއޭ، ތިކުރި ކަމަކުން މެހެނާޒަށް ކިހާ ބޮޑު ދެރައެއް މި ލިބުނީ” މަލީކު ބުނެލިއެވެ.

“ނާޒަށް ދެރައެއް ދެވުނު ކަމަކަށް އަޅުގަނޑު ޤަބޫލެއްނުކުރަން، މިހާ ދުވަހު ނާޒްއާ އިނދެގެން އުޅުނުއިރު އޭނާ ނުރުހޭ ކަމެއް ނުކުރަން، އޭނާ ރޯވަރުގެ ކަމެއް ނުކުރަން، އަޅުގަނޑުގެ ހުރިހާ ވަގުތެއްހެން ހޭދަކުރީ ނާޒްއާއެކު، އަޅުގަނޑު މިހާރު ވެސް މިހިރީ ނާޒްއާއެކު އުޅެން، ދުވަހަކު ވެސް ނާޒް ވަރިކޮށްލާ ނިކަމެތިކަމެއް ދޭކަށް ނުވިސްނަން، ސާރާ އަޅުގަނޑުގެ އަނތްބެއްގެ ގޮތުގައި އިނެއްކަމަކު އޭނާ ދުވަހަކު ވެސް ޝަކުވާއެއް ނުކުރާނެ، ނާޒް އާއި އަޅުގަނޑާ ދެމެދަށް އޭނާ ނުވަންނާނެ، ދުވަހަކު ވެސް މިގޭގައި އުޅޭކަށް އޭނާއެއްނާންނެ، އަދި އަޅުގަނޑު ވެސް ސާރާގެ ކައިރިއަށް އެކޮޅަށް ދިރިއުޅުން ބަދަލުކުރާކަށް ގަސްދެއްނުކުރަން، ހުރިހާކަމެއް ސާރާއަށް އެނގޭނެ، ފަޒަލް އެވަރު ކުރީ ދުވަހަކު ވެސް އެ ދަރިފުޅަށް ބަފައެއްގެ ފަރާތުން ލިބެންޖެހޭ ލޯތްބާއި އޯގާތެރިކަމުން ކުޑިފުކެއްގެ މިންވަރު ވެސް އުނިނުކޮށް، މިހާރު އެ ދަރިފުޅު ޒުވާނަކަށްވެ ބައްޕައަކަށް ވާން އެހުރީ ތައްޔާރުވެފައި، ނާޒްދެކެ އަޅުގަނޑު ލޯބިނުވަންޏާ މިހުރިހާ އަހަރު އެމީހުންނަށްޓަކައި ބޭކާރު ކުރަންވީ ކީއްކުރަން…. އެއްފަހަރު ވެސް އަޅުގަނޑު ބުނަންއުޅޭ އެއްޗެއް ނާޒް އަޑުއަހާނަމަ، އަންހެނުންނަކީ ކެތްތެރިބައެކޭ ބުނާއަޑުއިވޭ، އެ ސިފަ ނާޒްގެ ކިބައިން ވެސް ފެންނާނެނަމައޭ ހިތަށްއަރާ….” ޝުޢައިބުގެ އަޑުގައި މޮޅިވެރިކަމެއް އެކުލެވިގެން ދިޔައެވެ. މަލީކަށް އިހުސާސްކުރެވުނީ ޝުޢައިބު އޭނާގެ އަމިއްލަ ދިރިއުޅުމުން ހާސިލުކުރަން ބޭނުންވާ އުފާވެރިކަން އެންމެ ފުރިހަމަ ގޮތުގައި ނުލިބޭކަމެވެ. ކޮންމެވެސް ކަމަކާ އޭނާ މާޔޫސްވެފައި ހުރި ކަމެވެ.

(ނުނިމޭ)

Leave a Comment

Your email address will not be published. Required fields are marked *