HUREEME THIHITHUN JAAGA DHEYTHO [Part – 03]

ހެނދުނުގެ ސައިތައްޔާރު ކުރަން އާތިޤާ ބަދިގޭގައި އުޅެނިކޮށް އެތަނަށް ލުތުފީ އައިސްވަނީ ދެކޮޅު ހޯދާލާފައެވެ. ޙައިދަރުގެ ހިލަމެއް ވޭތޯ އޭނާ ބެލިއެވެ. އުޅުނު ގޮތުން އޭނާ ބޭނުންވަނީ ބަދިގެ ފަރާތުގައި ހަރަކާތްތެރިވަމުންދާ އާތިޤާއާ އެކަހެރިކޮށް ބައްދަލުކޮށްލަންކަން އެނގެއެވެ.

“އާތިޤާ، އަހަރެން މިއުޅެނީ ފުރަންވެގެން، އަހަރެންގެ ފަރާތުން އާތިޤާ ހިތްހަމަނުޖެހޭ ކަމެއް ހިނގައިފައިވާކަން އަހަންނަށް އެނގޭ، އެކަމަށް ވަރަށް ބޮޑަށް މާފަށް އެދެން، އެކަމަކު އެއީ އަހަރެން ހުސްއަނގަތަޅާލުމުގެ ގޮތުން ދެއްކި ވާހަކައެއްނޫން، ވަރަށް ވިސްނާފަ ކުރަން ބޭނުންވިކަމެއް…. އަހަރެން ފުރަންވަންދެން އާތިޤާގެ ފަރާތުން ޖަވާބަކަށް އިންތިޒާރު ކުރާނަން، އަދި ބުނަން، އަހަރެން އެ ފަދަ ކަމަކަށް އާތިޤާގެ ކިބައިން އެދުނީއޭ ކިޔާފައި އަހަރެން ދެކެ ރުޅި އައިސްފައި ނުހުންނައްޗޭ، ހިތަށް އަރާ ކުރިން ވާހަކަދައްކާ އުޅޭހެން އާތިޤާ އަހަންނާ ވާހަކަދައްކާނެނަމައޭ….” ކާކޮޓަރިއަށް ނިކުތުމަށް ކަނޑާފައި ހުރި ދޮރުގެ ދާރާގައި ޖެހިލައިގެން ހުރެ ލުތުފީ ވާހަކަދެއްކިއެވެ.

“އަހަރެންގެ ސޮފޫރާ ސަލާމަތުން ގެއަށް ގެނެސްދިނީތީ ޝުކުރިއްޔާ، ލުތުފީ އެދޭ ކަންތައް އަހަންނަށް ކޮށްދެވޭކަށް ނެތް” ކަންތައްވީގޮތް ޙައިދަރު ކިޔައިދިނުމުން އާތިޤާއަށް ވެސް ވަރަށް ރޮވުނެވެ. ދަރިފުޅު ސަލާމަތްވީތީ އޭނާ ހެއްދެވިފަރާތަށް ޝުކުރުކުރިއެވެ. އޭގެ އިތުރުން އެކަމަށް މެދުވެރިއެއްކަމުގައިވި ލުތުފީއަށް ހިތާ ނަފުސުން ޝުކުރުވެރިވިއެވެ. އެހެންނަމަވެސް އޭނާ އަދި މީހަކާ އިންނާކަށް ބޭނުމެއްނޫނެވެ. ފިރިމީހާ މަރުވުމަށްފަހު އެހެން ފިރިހެނަކާ ދިމާލަށް އެފަދަ ނަޒަރަކުން ބަލާލާފައެއްނުވެއެވެ. އެހެންވެ ދެވަނަ ކައިވެންޏެއް ކުރުމަކީ އާތިޤާއަށް ކުރެވިދާނެކަމެއްބާއޭ އޭނާގެ އަމިއްލަ ޟަމީރު ވެސް ސުވާލުކުރެއެވެ.

“މައްސަލައެއްނެތް، އަހަރެން އެވާހަކައެއް ދެން ނުދައްކާނަން، އެކަމަކު ޚިޔާލަކީ ބަދަލުވާއެއްޗެއް، ފަހަރެއްގައި އާތިޤާގެ ޚިޔާލު ބަދަލުވެއްޖެނަމަ އަހަރެން އަޑުއަހާނަން، އޭރު އަހަރެން މިރަށުގައި ނެތްކަމުގައި ވިޔަސް” ލުއި ހިނިތުންވުމަކާއިއެކު އިސްއުފުލާ އާތިޤާއަށް ލުތުފީ ބަލާލިއެވެ.

“އުޒައިރު އުޅުނު މޫދަށް ދާހިތުން، އިއްޔެ ގޮވައިގެން ދާނަމޭ ކިޔާފައި ނުދެވުނީ، މިގޭ ކައިރީ އުޅޭ ނަސްމާ އާއި ފާތާނިކެ އެމީހުންނާއިއެކު އޮޅަށް ގޮސްލަން ބުނީމަ އަހަރެން ހިތަށް އެރީ ދާއިރު އުޒައިރު ގޮވައިގެން ދާން، އެމީހުންގެ މާމަދަރިން ގޮވައިގެން ދާވާހަކަދައްކާފައި އޮތީ، އަހަރުމެން އަންނާނީ މޫދަށް އެރިފައި، އޭރުން އުޒައިރަށް ވެސް މަޖާވާނެއެއްނު، ގިނަ ދުވަސްދުވަހު އުޒައިރު އެހުންނަނީ ގޭގައި، އެވަރުގެ ކުދިން ނިކަން ބޭރަށްދާހިތްވާނެ” ރޮށިފިހެ ނިމުމުން އެ އަޅައިފައި ހުރި ތަށީގައި މަތިޖަހާލާފައި އާތިޤާ އެނބުރިލިއެވެ. ފަޓުލޫނުގެ ދެޖީބަށް އަތްޖަހާލައިގެން އެއްފައިމައްޗަށް ބުރަވެ ދޮރުކަނީގައި ލެނގިލައިގެން ކުޑަކޮށް ހިނިތުންވެލައިފައި ހުރި ލުތުފީ ބަލަންހުރި ގޮތް ފެނި އާތިޤާއަށް އުނދަގޫގޮތެއްވެގެންދިޔައެވެ. ލުތުފީގެ ހިތުގައިވާ އެއްޗެއް އެނގުމަށްފަހު އާތިޤާއަށް ހީވީ ލުތުފީގެ ބެލުންތައް ތަފާތުވެއްޖެކަމުގައެވެ.

“ވަރަށް ރަނގަޅު ގޮތެއްތީ، އަހަރެންގެ އެއްވެސް މައްސަލައެއްނެތް، އާތިޤާއާއެކު ފޮނުވާކަށް އަހަރެން ޖެހިލުމެއްނުވޭ” ލުތުފީ ބުނެލިއެވެ.

“މިއަދު ލުތުފީ ހާދަ ހެނދުނަކާ ތެދުވެގެން އުޅޭ ދުވަހެއް” ކާކޮޓަރިތެރެއަށް ވަދެގެން އައި ޙައިދަރު ބުނެލިއެވެ. އޭރު ލުތުފީ ކާމޭޒު ކައިރިން ގޮނޑިއެއް ދަމާލާފައި އިށީންނަނީއެވެ. ޙައިދަރުގެ އެބުނުމަށް ލުތުފީ ހިނިތުންވެލީއެވެ.

* * * *

ސައިބޮއެގެން ތެދުވި މަލީކަށް ތަންކޮޅެއް ދުރުގައި މީހަކާ ވާހަކަދައްކަން ފުރަގަސްދީގެން ހުރި މީހާ ފެނުމާއިއެކު އޭނާއާ ދިމާލަށް ހިނގައިގަތެވެ. ކައިރިއަށް އައިސް އޭނާގެ ފުރަގަހުން ކޮނޑުގައި ޖަހާލަމުން ހިނިތުންވެލިއެވެ.

“އަޅުގަނޑު ފެންނަކަމަށް ވެސް ހަދާނުލާ ދިޔަ ދުރުވަނީ، ކަމަކު ކިޔާފާނެތީތޯ” ސަމާސާ ރާގެއްގައި ލުތުފީ ބުނެލިއެވެ.

“މަލީކުތޯ… ކިހިނެއްތޯ ހާލުއަހުވާލު” ޒަމާންވީ ރަޙުމަތްތެރިއަކު ފެނުމުން ހިނިއައިސްފައި ހުރެ ޒާހިރުއަށް އަހާލެވުނެވެ. އަދި ކައިރީގައި ހުރި މީހާ ފޮނުވާލުމާއިއެކު ހީވީ އޭނާގެ ހުރިހާ ސަމާލުކަމެއް މަލީކަށް ދިންހެނެވެ.

“ރަނގަޅު، ކީއްވެތޯ މިހާރު އަޅުގަނޑުމެންގެއަށް އެއްގޮތަކަށް ވެސް ނުދުރުވަނީ، މަރިޔަމްގެ ހާލަކީ ކޮބައިތޯ” ޒާހިރު އާއިއެކު އެއްފަރާތުގައި މަޑުކޮށްލައިގެން ތިބެވޭގޮތަށް ހަދާފައި ހުރި ގޮނޑިތަކާއި ދިމާލަށް މަލީކު ވެސް ހިނގައިގަތެވެ.

“ނައިރާ އެކޮޅަށް ފޮނުވާލިގޮތަށް، މަރިޔަމް ހުންނަނީ އެކޮޅުގައި، ގިނަފަހަރު އަޅުގަނޑު ވެސް ގޮސް ހުންނަނީ އެ ދެމައިން ގާތުގައި، އެހެންވެ ނުދެވެނީ… ނަސީބު ރަނގަޅުކަމުން މަލީކުގެ ދަޢުވަތަށް މިއާދެވުނީ ވެސް، މާދަމާ ރޭ އަޅުގަނޑު އަނެއްކާ ވެސް ފުރާނަން” ޒާހިރު ބުނެލިއެވެ.

“ޒާހިރުގެ ވެސް ދޮށްޓަށް ހުރީ ފިރިހެންކުއްޖެއްނު، ކޮބާތޯ އޭނާ މިހާރު، އަޅުގަނޑުގެ އިޒުވާނުހެން ރާއްޖޭން ބޭރަށް ދިރިއުޅުން ބަދަލުކުރެއްވީތޯ” އެހާ ދުވަސްކޮށްފައި ބައްދަލުވުމުން މަލީކު އިނީ ޒާހިރުއާ ވަރަށް ގިނަ ސުވާލުކުރަން ބޭނުންވެފައެވެ.

“ތިޔަކަހަލަކަމެއް އަދި ކުރާހެނެއް ހިޔެއްނުވޭ، އިކްރާމް އަޅުގަނޑުގެ ވިޔަފާރީގައި ބައިވެރިވާގޮތެއްނުވި، މަލީކަށް ވެސް އެނގިލައްވާނެ އެކުއްޖާގެ ގޮތް، މިހާރު އުޅެނީ ފޯނު އެތެރެކޮށް އޭގެ ތަފާތު ޚިދުމަތްދޭ ތަނެއް ހުޅުވައިގެން، ދެން ހިތްހަމަޖެހޭ އަމިއްލައަށް ޒިންމާ އުފުލާ ހަރުދަނާ ޒުވާނަކަށް އެކުއްޖާވީތީ، ….މަލީކު، ކޮބައިތޯ ރުހައިލު، ޕާޓީތެރޭގައި ފެނުނު ފަހުން އަދި ނުފެނޭ، އެކުއްޖާގެ އުފަން ދުވަސް އަންނަން ކައިރިވަނީއެއްނު، އަޅުގަނޑު ވަރަށް ހަނދާންވޭ ސިންގަޕޫރުގައި ނަރުސްކުއްޖާއަށް އޮޅިގެން ނައިރާގެ ބަދަލުގައި ރުހައިލު ގެނެސް އަޅުގަނޑާ ހަވާލުކުރި ދުވަސްމަތީން، އެ ދެކުދިން އުފަންވުމުގައި ހުރީ އެންމެ ތިންމިނެޓުގެ ތަފާތު” ކުރީގެ ހަނދާނެއް އާކޮށްލަމުން ޒާހިރު ބުނެލިއެވެ.

“ހެ ހެ ހެ ހެ…. އެކަމާ އެ ނަރުސްކުއްޖާ ހާދަވަރަކަށް މާފަށް އެދުނޭ، …..ޒާހިރު، ތިވިސްނަވަނީ ދިރުއުޅުން އެއްކޮށް އެކޮޅަށް ބަދަލުކުރައްވަންތޯ، މާލެ ދުރުވާ ފަހަރަކުން މަރިޔަމް އާއި ނައިރާ ގޮވައިގެން ވާނެ އަޅުގަނޑުމެން ގެއަށް ދުރުވަން” ހަޤީޤަތުގައި ވެސް މަލީކު ހުރީ ޒާހިރާއިއެކު އޮތް ގުޅުން ރަނގަޅުކުރުމަށް ބޭނުންވެފައެވެ. އަހަރުތަކެއް ނުފެނި ހުރުމަށްފަހު ފެނުމުން ކުރީގެ އެތަކެއް ހަނދާނެއް އާވެގެންދިޔައެވެ.

“ނައިރާ ކިޔަވާ ނިމުނީމަ މަރިޔަމް ބޭނުންވަނީ އޭނާ ގޮވައިގެން މާލެ އަންނަން، ދެން ގިނަ ދުވަހެއްނެތް، އަންނަ އަހަރު މިހާރު އެކިޔަވާ އެތި ނިމޭނެ، އިރާދަކުރެއްވިއްޔާ އަދި އެމީހުން ގޮވައިގެން މަލީކުމެންގެއަށް ދާނަން” ޒާހިރު ވަޢުދެއްވިއެވެ.

* * * *

ވީ ހުރިހާ ވަޢުދެއް އަދީބު އެވަނީ އުވާލާފައެވެ. އޭނާގެ ވާހަކަތަކުގައި ކުޑަ ވެސް ތެދުވެރިކަމެއް ނެތެވެ. ވީއިރު އޭނާގެ ހިތުގައި ސޮފޫރާގެ މައްޗަށް ލޯބި ނޯންނާނެކަން މިއަދު ސޮފޫރާއަށް ޔަޤީންވެއްޖެއެވެ. ދެ ލޯ މެރިލާއިރަށް ސިފަވެގެންދަނީ ދުރުގައި ހޭން ހުރި އަދީބެވެ. ރަޙުމަތްތެރިން ލައްވާ އޭނާގެ ލޯބިވެރިޔާގެ އިއްފަތް ފޭރިގަންނަން އަދީބު ފުރުޞަތުދީގެން ހުރި ހުރުމެވެ. ބިރުވެރިކަމާއިއެކު ކުއްލިކުއްލިއަށް ސޮފޫރާއަށް ސިހިފައި ލޯ ހުޅުވާލެވެނީ އެހެންވެއެވެ.

މެންދުރުފަހު ތިނެއްޖަހަން އުޅެނިކޮށް އުޒައިރު ގޮވައިގެން އާތިޤާ އައިސް ގެއަށް ވަނެވެ. އޭރު ދެމީހުން ވެސް ތިބީ ތެމިފޯވެފައެވެ. ގޯތިތެރޭގައި އިންދާފައި ހުރި ގަސްތަކަށް ފެންދޭން ހަރުކޮށްފައި ހުރި އިސްކުރު ކައިރިއަށް އުޒައިރު ގޮވައިގެން އާތިޤާ އައެވެ. އަދި އޭގައި އޮޅާލާފައި އޮތް ހޮޅި ނަގާ އިސްކޫރު ދޫކޮށްލުމަށްފަހު އުޒައިރުގެ ގައިން ލޮނުގެ އަސަރާއި ގައިގާ ހޭކިފައި ހުރި ވެލިތައް ދޮއެދޭން ފެށިއެވެ.

“މަޑުމަޑުން އިނގޭ ވަންނާނީ، ފެންހުރީމަ ފަހަރެއްގައި މުށިތައްމަތިން ކައްސާލަފާނެ” އުޒައިރު ލައިގެން ހުރި ޓީޝާޓުކޮޅު ބާލުވާފައި ދުރަށް ފޮޅާލަމުން ބުނެލިއެވެ.

“ދައްތާ! ބައްޕަ ބުނުއްވި މާލެ ދާން އުޅޭ ވާހަކަ، އަޅުގަނޑު ބޭނުމެއްނޫން މާލެ ދާކަށް… ކީއްވެތަ މިއަދު ސޮފޫ ދައްތަ ނުފެންނަނީ، ބަލިވީތަ؟” ގޭތެރެއިން އެއްގޮތަކަށް ވެސް ސޮފޫރާ ނުފެންނަކަން އުޒައިރަށް ފާހަގަވުމާއިއެކު އަހާލިއެވެ.

“އުޒައިރުގެ ބައްޕަ އާއި ބޭބެ ވެސް ހުންނަނީ މާލޭގައި، މިއީ އުޒައިރުގެ ރަށެއްނޫނެއްނު، މިރަށަށްވުރެ މާލެގައި ހުރިހާކަމެއް ކުރެވޭ، ދެން އެހެންފަހަރަކުން އަނެއްކާ ވެސް މިރަށަށް އަންނާނީ، ބައްޕަ މާ ލަހުންނޭ ފުރާވާހަކަ އެބުނީ، ދައްތަ އުޒައިރުއަށް ހަދިޔާ ތައްޔާރުކުރަން ބޭނުން” އުޒައިރުގެ ޓީޝާޓު ކޮނޑުމައްޗަށް އެއްލައިގެން އެކުއްޖާގެ އަތުގައި ހިފައިގެން ހުރެ އެތެރެއަށް ވަންނަމުން އާތިޤާ ވާހަކަދެއްކިއެވެ. އޭނާ ގަސްދުގައި ސޮފޫރާގެ ވާހަކަނުދެއްކީއެވެ.

“ދެން ދޭ ރީތިކޮށް ފެންވަރަން، ދައްތަ ހުންނާނެ އުޒައިރުގެ އެއްޗެހި އިސްތިރިކޮށްފައި އަލަމާރީގައި އަޅުވާފައި، ތެތްއެއްޗެހި ފާޚާނާގައި ބަހައްޓާ، އިރުކޮޅަކުން ދައްތަ ދާނަން އެ އެއްޗެހި ބަލާ، މިހާރު ވަރަށް ބަނޑުހައި ވެސް ވެފައެއްނު ހުންނާނީ، މެންދުރު އަދި މިތިބީ ނުވެސް ކައިވިއްޔަ” އުޒައިރުގެ ކޮޓަރީގެ ދޮރުހުޅުވާދެމުން އާތިޤާ ބުނެލިއެވެ. އޭނާ ކޮޓަރިއަށް ވަނުމުން އާތިޤާ ހިނގައިގަތީ އޭނާގެ އަމިއްލަ ކޮޓަރިއަށް ވަނުމަށެވެ.

“ތެދުވާކަށްނުވޭތަ؟” ކޮޓަރިއަށް ވަންއިރު ސޮފޫރާ އެނދުގައި އޮތްތަން ފެނިފައި އޭނާ އަދިވެސް ނުތެދުވަނީކަން އާތިޤާއަށް އެނގުނެވެ. އޭނާ ސޮފޫރާގެ ފަރާތުން ޖަވާބެއް ލިބެންދެން މަޑުނުކޮށް ކޮޓަރީގައި ހަރުކޮށްފައި ހުރި ދަނޑިން ހެދުމާއި ތުވާލި ނަގައިގައިގެން އައިސް ފާޚާނާއަށް ވަނެވެ.

“ހުންނާނެ ކައްކާފަ، ގޮސް ތި އެއްޗެއްކައިގެން އޮވޭ” އާތިޤާ ފެންވަރައިގެން ނިކުމެ މެންދުރު ނަމާދުކޮށްލައިގެން ފައިބާ ކޮޓަރިން ނިކުންނަމުން ސޮފޫރާއާ ދިމާލަށް ބުންޏެވެ.

އާތިޤާ ކޮޓަރިން ނިކުތުމުން މަޑުމަޑުން ސޮފޫރާ ތެދުވެ އެނދުގެ މަގަތުގައި އިށީނެވެ. އޭނާގެ ހަށިގަނޑުގައި ރިއްސާކަމުގެ އިހުސާސް އެވަގުތު ކުރެވިގެންދިޔައެވެ. މަޑުމަޑުން ފަޔަށް ބަލާލެވުނެވެ. ކަށިމަތި ފަޅައިގެން ދިޔަކަން ވެސް އޭނާއަށް އެނގުނީ ގެއަށް އައިސް ލުތުފީ އެވާހަކަ ބުނުމުންނެވެ. ބެންޑޭޖުގަނޑު މަޑުމަޑުން ނައްޓާލުމާއިއެކު ސޮފޫރާ ފާޚާނާއަށް ގޮސް ވަނެވެ.

* * * *

ޔުނިވަރސިޓީ ތެރެއިން މިލާންއާ ބައްދަލުވުމުން ފަޒަލް ހުރީ ވަރަށް ގިނަ ވާހަކަދައްކަން ބޭނުންވެފައެވެ. އޭނާގެ ހިތުގައިވާ އެއްޗެއް ޖެހިލުމެއްނެތި މިލާންއަށް ހާމަކުރަން ނިންމައިގެންނެވެ. ނަމަވެސް އެކަން ކުރަން އޭނާ ބޭނުންވަނީ ޚާއްޞަ ގޮތަކަށެވެ.

ގެއަށް އައިގޮތަށް ފަޒަލް އަވަސްވެގަތީ އޭނާއަށް މެހެނާޒު އާއި ޝުއައިބުގެ ފަރާތުން ޕޮކެޓްމަނީގެ ގޮތުގައި ލިބިފައި ހުރި ވަރެއް ބަލާށެވެ. އޭނާގެ ފަހަތުން ރުހައިލު ވެސް އައިސް ފަޒަލްގެ ކޮޓަރިއަށް ވަދެއިނެވެ.

“މިވަރުން ވާނެ، ޝީލާއަށްވުރެ ވަރުޝާ ކައްކާ އެއްޗެހި މާ މީރު، އެހެންވީމަ ތިގޭގަ ދޯ ޑިނާ ބާއްވާނީ” އަވަސްއަރުވާލާފައި އުޅުނު ފަޒަލް ބުނެލިއެވެ.

“މަންމަ ގާތުން ހުއްދަނަގަން ފެނޭ، އެހެންނޫނީ ހުރިހާކަމެއްގެ މެދުތެރޭން އެމީހުން އަތުވެއްޖެއްޔާ ކުރި ހުރިހާކަމެއް ފްލޮޕްވާނެ” ފަޒަލްގެ ފަހަތުން ހިނގައިގަންނަމުން ރުހައިލު ޚިޔާލު ދިނެވެ.

ދެޒުވާނުން އައިސްވަނީ ރުހައިލުމެން ގެގޭ ބަދިގެ ފަރާތަށެވެ. އެތަނުން ވަރުޝާ ފެނުމާއެކު ރޭގަނޑުގެ ކެއުމަށް ބަޔަކު އަންނާތީ ޚާއްޞައެއްޗެއް ތައްޔާރުކުރުމަށް ރުހައިލު އޭނާއަށް އެންގިއެވެ. އަދި ޖައުހަރީ ގާތު ބުނެގެން ބަގީޗާގައި ހުރި މޭޒުތަކުގައި ބެހެއްޓުމަށް އުއްބައްތިން އަލިކުރާ ކަހަލަ ފާނޫޒު ހޯދިއެވެ. އެތަކެތި ރަނގަޅަށް ސާފުކޮށްފައި ބެހެއްޓުމަށް ބުނެފައި ރުހަލު އާއި ފަޒަލް ހިނގައިގަތީ ފާރޫޤު ހޯދާށެވެ. ފާރޫޤާ ހަމައަށް ދެވުމުގެ ކުރިން ޝާރުދާއަށް ގުޅާފައި ރަޙުމަތްތެރި ކުދިންކޮޅެއް ގެއަށް ގެންނަކަމުގެ ޚަބަރު ދިނުމަށް ފަޒަލް ހަނދާންކޮށްދިނެވެ. އެހެންވެ ކުރަން ދިޔަ ކަންތައް ހުއްޓާލުމަށްފަހު ރުހައިލު އަވަސްވެގަތީ ޝާރުދާގެ ހުއްދަ ހޯދުމަށެވެ. ވަރަށް ގިނަ ސުވާލުތަކަކަށްފަހު ޝާރުދާ އެމީހުންނަށް ހުއްދަ ދިނެވެ. އަދި ޖެހިގެން އޮތް ދުވަހު ހެނދުނު އެމީހުން މާލެ އަންނަން ކަމުގައި ވެސް ބުންޏެވެ. ހުއްދަ ލިބުމުން ޝާރުދާ އިތުރަށްދެއްކި އެއްވެސް ވާހަކައެއް ރުހައިލަށް މުހިންމެއްނުވިއެވެ. އެހެންވެ ނިކަން އަވަސްއަވަހަށް ވާހަކަދައްކާލާފައި ފޯނުކޯލު ނިންމާލިއެވެ.

އަރުފީނު ފެންވަރާ ނަމާދުކޮށްލައިގެން ކާކޮޓަރިއަށް އައިއިރު ވަރުޝާ އުޅެނީ ލިސްޓެއް ހިފައިގެންނެވެ. އެހެންވެ ވަގުތުން އެއީ ކޮންއެއްޗެއްތޯ ސުވާލުކޮށްލިއެވެ. ރުހައިލު އާއި ފަޒަލް ޕާޓީއެއް ބާއްވަން އުޅެނީ ކަމުގައި ވަރުޝާ ބުނެލުމުން އަރުފީނު ހައިރާންވިއެވެ. އޭނާ އެގޭގައި އުޅޭއިރު އޭނާއަށް އަންގާވެސް ނުލާ އެމީހުން އެކަހަލަ ކަމެއް ކުރަނީބާއޭ ހިތަށް އަރާފައެވެ. ޚާއްޞަކޮށް ފަޒަލް އޭނާ ގާތު އެވާހަކަ ބުނެނުލީ ކީއްވެބާއޭ ސުވާލު އުފެދުނެވެ.

“ފަޒަލް ކީއްވެބާ ވާހަކަނުދައްކަނީ، ވައިބަރކުރި މެސެޖުތަކުން އަހަރެން ދެނެގަންނަވީ ކީކޭކަމެއް ނޭނގުނު، ފަޒަލް އަހަރެންގެ ފަރާތުން ބޭނުންވަނީބާ އެމެސެޖަށް ޖަވާބެއްދޭން…” ސަމްސަލުން ބަތްތަށި ހާވަމުން ދިޔަ އަރުފީނު ވިސްނަންފެށިއެވެ. ފަޒަލް އޭނާއާ ވާހަކަދެއްކުން ދުރުކޮށްލީ ކީއްވެކަން ނޭނގެނީސް ކުއްލިއަކަށް ފަޒަލްގެ ފަރާތުން ލިބުނު މެސެޖުތަކުގެ ހަޤީޤަތް ވެސް އަރުފީނަށް ވަނީ އޮޅިފައެވެ. ވިސްނަން އިންދާ އެތަނަށް ފަޒަލް ވަދެގެން އަންނަތަން ފެނުމާއިއެކު އަރުފީނު އަވަސްއަވަހަށް އިސްޖަހާލިއެވެ.

“ފަޒަލް…” ފެންފުޅިއެއް ހިފައިގެން ކާކޮޓަރިން ނިކުންނަން ދިޔަ ފަޒަލްއަށް އަރުފީނު މަޑުމަޑުން ގޮވާލިއެވެ.

“ވާހަކައެއް ދައްކާލަންވެގެން” ފަޒަލް ހުއްޓުމުން އަރުފީނު ބުނެލިއެވެ.

“މިވަގުތުތަ؟ ވަރަށް ބިޒީގަޑިއެއްމީ، ތަންކޮޅެއް ފަހުން ދޯ” އަތުކުރީ އޮތް ގަޑިއަށް ބަލާލާފައި ފަޒަލް ބުނެލިއެވެ. އަދި އަރުފީނަށް އެއްޗެއް ނުބުނެވިގެން އުޅެނިކޮށް އޭނާ ނިކުމެގެން ހިނގައްޖެއެވެ.

* * * *

ހަވީރު ފަހެއްޖަހާކަން ހާއިރެވެ. އަވަށްޓެރިއެއްކަމަށްވާ ފާތާނިކެ ވަރަށް ހާސްވެކަންބޮޑުވެފައި ހުރެ އާތިޤާ ހޯދަމުން އެގެއަށް ވަދެގެން އައެވެ. ގޯތީގައި ހުރި އަށިމަތީ އުޒައިރާއެކު އޮށްވަޅުގޮނޑި ކުޅެން އިން އާތިޤާ ފެނުމުން ފާތާނިކެ އެއްޗެއް ބުނަން އަނގަ ހުޅުވާލާފައި ވެސް ހުއްޓުން އެރިއެވެ. ހަމައެވަގުތު އާތީޤާއަށް ފާތާނިކެފެނި ހިނިތުންވެލަމުން ލޮލުން އިޝާރާތްކޮށްލީ ކިހިނެއްވީތޯ އަހާލާފަދަ ގޮތަކަށެވެ.

“އެކަނި ތިބެ ވާހަކަދައްކާލެވޭނޭ ގޮތެއް ނުވާނެތަ؟” ފާތާނިކެގެ އަޑުގައި ހުރި ހާސްކަން އާތިޤާއަށް ފާހަގަވީ ދެނެވެ. އެއާއެކު އަށިމަތިން ތެދުވެ އުޒައިރު އަތަށް އޮށްވަޅުގޮނޑި ދީފައި އެ ހިފައިގެން އެތެރެއަށް ދިއުމަށް ބުނެފައި އެކުއްޖާ ފޮނުވާލިއެވެ.

“ކިހިނެއްވީ؟ ހާދަ ހާސްވެފައޭ ތިހިރީ” އާތިޤާ އަވަސް އަވަހަށް އަށީގައި ފާތާނިކެ ބޭންދުމަށް ތަންހަދާލަމުން ބުނެލިއެވެ.

“ވަރަށް ދެރަވެ ލަދު ވެސް ގަނޭ ދައްކަން މިއައީ ވާހަކައިގެ ގޮތުން، އެކަމަކު އާތިޤާ ފެނިފައި އަހަންނަށް އެނގިއްޖެއް އެއްވެސްކަމެއް ކަލެއަށް ނޭނގޭކަން، އަން… މިއޮތީ އަހަރުމެންގޭ ނާޝިދު ހިފައިގެން އައި ސީޑީއެއް، މީތި ދިންމީހަކު ބުންޏޯ މީ ފިލްމެކޭ…” ފާތާނިކެ ދައްކަންފެށި ވާހަކަ އެއްގޮތަކަށް ވެސް އާތިޤާއަށް މޭރުންވާގޮތެއްނުވިއެވެ.

“ސޮފޫރާއަށް ދޭންވީ ފިލްމެއް ކީއްކުރަންތަ ތިގޭ ނާޝިދުއަތަށް ދޭންވީ، މިގެއަށް މިއަދަކު މީހަކު ނާދޭ، އެކައްލަ އިރު މޫދުން އަރައިގެން ގެއަށް އައީސްސުރެން އަހަރެން މިއިންނަނީ ގޭގައި” އާތިޤާ ބުނެލިއެވެ.

“ރަންކޮޅާ، މީ ފިލްމެއްނޫނޭ، މިގޭ ސޮފޫރާއާ ކޮންމެވެސް ފިރިހެނަކާ އެކީގައި ތަތްވެގެން އުޅެނިކޮށް ނަގާފައި ހުރި މަންޒަރުތަކެއް، އަހަންނަށް ވެސް ބުނެވުނީ ނާޝިދު ގާތު މީތަ އަޅުވާލަ ބަލާށޭ، ނޭނގޭނެއެއްނު، އެހެންވެ އަވަހަށް މިއައީ މި ސިޑީ ހިފައިގެން، ދެން ވެސް ތިހެން ނީނދެ ގޮސް ސޮފޫރާ ގާތު އަހާބަލަ، އަހަންނަށް މިކަން އެނގުނީމަ އަވަހަށް މިއެންގީ، ނޭނގެ މިހާރު މުޅި ރަށުގައި މީތި ނޫޅޭކަމެއް، ކިހިނެއްވެގެންތަ ސޮފޫރާ މިވަރުގެ ކަމެއްކޮށްގެން މިއުޅެނީ” ފާތާނިކެ ކަންބޮޑުވެފައި އިނދެ ވާހަކަދެއްކިއެވެ.

އާތިޤާއަށް ފާތިނިކެ ދިން ސީޑީގައި ހިފާލައިގެން އިސްޖެހިފައި އިނދެވުނީއެވެ. ލިބުނު ޚަބަރާއިއެކު އޭނާ ދެރަވެސްވިއެވެ. ހަމައެހާ ރުޅި ވެސް ގަދަވިއެވެ. ދަރިފުޅުގެ ގައިގާ ގޮސް ތަޅައިގަންނަން ބޭނުންވިއެވެ. މައިންބަފައިންގެ ބަސްނޭހުމުގެ ނަތީޖާ މިއަދު ފެނިއްޖެނޫންހޭ ކިޔާ ހަޅޭލަވަން ބޭނުންވިއެވެ. ނަމަވެސް އެއިން އެއްވެސް ކަމެއް ކުރާން ނޭނގިފައި އާތިޤާއިނީއެވެ.

“އަހަރެން ވެސް ހިޔެއްނުކުރަން ސޮފޫރާ މިހާ ވިޔާނުދާ ވެދާނެއެކޭ، ގޮތްގޮތަށް ނޫޅެ މީހަކާ އިންނަން ބޭނުންވަންޏާ އިނީމަ ނިމުނީއެއްނު، މިހެން އުޅުނީމަ މައިންބަފައިން ވެސް ކިހާ ލަދެއް ގަންނަން މިޖެހެނީ” ފާތާނިކެ މިހެން ބުނި އަޑު ބޭރު ދޮރޯށި ހުޅުވާލާފައި އެތެރެއަށް ވަދެގެން އައި ލުތުފީ އާއި ޚައިދަރަށް އަޑުއިވުނެވެ.

“ކިހިނެއްތަވެގެން މިއުޅެނީ؟” އަށިކައިރިއަށް އައިސް ހުއްޓެމުން ޙައިދަރު އަހާލިއެވެ. ފާތާނިކެއަށް ޙައިދަރާއި ލުތުފީ ފެނުމުން އިތުރަށް އެއްޗެއް ބުނާކަށް ނުކެރުނެވެ.

“އަހަރެން ދެން ދަނީ….” އަވަސް އަރުވާލާފައި ފާތާނިކެ ބެލީ އެގެއިން ނިކުމެވޭތޯއެވެ. ޙައިދަރަކީ ރަށުގެ މީހުން ދަންނަ ޤަދަރުވެރި މީހަކަށްވުމުން އޭނާގެ ކުރިމަތީ ކޮންމެ ވާހަކައެއްދެއްކުމަކީ ފަސޭހަކަމެއްނޫނެވެ. ފާތާނިކެ ވެސް ޖެހިލުންވީ އެހެންވެއެވެ.

“ފާތާނިކެ އެދެއްކީ ކޮންވާހަކައެއްތަ؟” ޙައިދަރު އަހާލިއެވެ.

ދެފަރާތަށް ބޯހޫރާލާފައި މޫނުގައި ދެއަތްއެޅުމާއިއެކު އާތިޤާގެ އުނގުގައި އޮތް ސީޑީ ބިންމައްޗަށް ވެއްޓުނެވެ. ލިތުފީ ގުދުވެލާފައި އެ ސިޑީ ނަގާފައި އާތިޤާއަށް ގޮވާލިއެވެ. އަދި ކައިރީގައި ހުރި ޙައިދަރަށް ބަލާލެވުނެވެ.

“އާތިޤާ! ކީކޭތަ ފާތާނިކެ ބުނީ” ޙައިދަރު ދެވަނަ ފަހަރަށް ސުވާލުކުރިއެވެ. ނަމަވެސް އާތިޤާއަށް ބުނާނެ އެއްޗެއް ނޭނގުނެވެ. ޙައިދަރު މަޑުމަޑުން ކުރިއަށް ޖެހިލާފައި އާތިޤާގެ ކައިރީ އަށިމަތީ އިށީނެވެ. އަދި އޭނާގެ ކޮނޑުގައި އަތްޖައްސާލަމުން މަޑުމަޑުން ވާހަކަދެއްކިއެވެ.

“ދޮންބޭބޭ، މިއަދު އަހަރެން ލަދުން މަރުވާވަރުވެއްޖެ، ހިތަށް އަރާ ދުވަހަކު ވެސް ދަރިއަކު ނުލިބުނުނަމަ ކިހާ ރަނގަޅުވީސްހެއްޔޭ، ގައިމުވެސް މި ދުވަހެއް އޭރުން ނުފެންނާނެ، މުޅި ރަށަށް އަހަރެންގެ ދަރިފުޅުގެ ސަބަބުން ބަދުނާމުވެ ބޭޒާރެއްނުވީސް” އާތިޤާ ވާހަކަދައްކަން ފެށުމާއިއެކު އޭނާއަށް ހުރީ ރޮވިފައިކަން ޙައިދަރާއި ލުތުފީއަށް އެނގުނީ ދެނެވެ. އެހިނދު ލުތުފީއަށް ކުރިއަށް ފިޔަވަޅު އަޅާލެވުނީ އާތިޤާގެ ކޮނޑުގައި އަތްޖައްސާލުމަށެވެ. ނަމަވެސް އެކަން އެގޮތަށް ކުރެވުމުގެ ކުރިން އޭނާ ޟަމީރު ހޭލައްވާލި ކަހަލައެވެ. އަވަސްއަވަހަށް ޙައިދަރަށް ބަލާލުމާއެކު ހުއްޓުން އެރިއެވެ.

“ކިތަންމެ ލޯބިން ގެންގުޅުނަސް ރީތިނަމެއް ނުލިބޭނެ، ތަޅައިމަރައިގެން ގެންގުޅެންވީ، އޭރުން ކަންނޭނގެ އެނގޭނީ މައިންބަފައިންނަށް ކިޔަމަންވުމަކީ ކޮބައިކަން، ގައިމު އަހަރުމެން ނުބައި ނަސޭހަތެއް ދޭނެތަ؟ އަހަރެންގެ ހުރިހާ ވަގުތެއް ހޭދަކޮށްގެން އެވަރު ކުރީމަ ބަދަލުގައި ދޭން އެނގުނީ އެއްޗަކީ މީ” އާތިޤާ ތެދުވެ ޙައިދަރަށް ދިއްކޮށްލީ ލުތުފީގެ އަތުގައި އޮތް ސީޑީއެވެ.

“މީކޯނޗެއް؟” ސީޑީގައި ހިފަމުން ޙައިދަރު އަހާލިއެވެ. ނަމަވެސް އާތިޤާ ހަރުކޮށް ހިނގައިފައި ގޮސް ވަނޫ ގޭތެރެއަށެވެ. އޭނާގެ ފަހަތުން ޙައިދަރާއި ލުތުފީ ވެސް ހިނގައިގަތެވެ. އާތިޤާ އެހުރީ ހަމައިން ނައްޓާފައި ހެން ޙައިދަރަށް ހީވެ ކަންބޮޑުވިއެވެ. އޭނާގެ ފަހަތުން ހަލުވިކޮށް އާދެވުނީ އެހެންވެއެވެ.

ގިނައިރެއްނުވެ ޙައިދަރާއި ލިތުފީއަށް ފެނުނީ އާތިޤާ، ސޮފޫރާގެ މުލައްދަނޑީގައި ހިފައިގެން ހުރެ އޭނާ ގެނެސް ޙައިދަރާ ދިމާލަށް ކޮށްޕާލިތަނެވެ. ވާނުވާ ނޭނގިފައި ހުރި ސޮފޫރާ އަނގަވަތަށް ވެއްޓެން ދިޔަތަނާ ޙައިދަރު އޭނާގެ ގައިގާ ހިފެހެއްޓިއެވެ.

“ދޮންބޭބެ ދެން އަހާބަލަ އޭނާގާތުން ތި ސިޑީގައި އޮތީ ކޯޗެއްތޯ” އާތިޤާ މިހެން ބުނުމާއިއެކު ސޮފޫރާގެ ސަމާލުކަން ޙައިދަރުގެ އަތުގައި އޮތް ސީޑީއަށް ހުއްޓުނެވެ. ހަމައެހިނދު ދެލޯ ބޮޑުކޮށްލެވުމާއިއެކު ސޮފޫރާއަށް އަނގަމަތީ ފަސްއިނގިލި އެއްކޮށް އަޅާ ފޮރުވާލެވުނެވެ.

“އާތިޤާ، ހަމަޖެހިބަލަ، ސޮފޫރާ، ކިހިނެއްތަ ވެގެން މިއުޅެނީ، ކީއްވެތަ މަންމަ އެ ސުވާލުކުރަނީ ދަރިފުޅާ، މީ ކޮން ސީޑީއެއްކަން ދަރިފުޅަށް އެނގޭތަ؟” ޙައިދަރު ބެލީ ޒުވާބުނުކޮށް އޯގާތެރިކަމާއެކު ސޮފޫރާ ލައްވާ ކަންކަން އޮޅުންފިލުވުމަށެވެ. ނަމަވެސް ވަގުތުން ސޮފޫރާ ފެށީ ރޯށެވެ.

ސޮފޫރާ ހީކުރީ އާތިޤާ އެ ސީޑީ ބެލީކަމަށެވެ. އަދި އޭނާގެ ކިބައިން އަދީބުއާ އޭނާގެ ރައްޓެހިން ބޭނުން ކަންތައް ނުފުދުމުން އެމީހުން ރިކޯޑުކުރި ވީޑިއޯ ސިޑީއަށް އަޅާފައި އާތިޤާއަށް ލިބޭނޭގޮތް އަދީބުމެން ހެދީ ކަމުގައެވެ. ސޮފޫރާ ޤަބޫލުކުރާ ގޮތުގައި އޭނާއަށް ކުރެވުނީ މާފަށް އެދޭވަރަށްވުރެ ބޮޑު ކުށެކެވެ. މައިންބަފައިންނާ ކުރިމަތިލުމުގެ ހިތްވަރު ވަނީ ގެއްލިފައެވެ. މަޑުމަޑުން އައިސް އާތިޤާގެ ކުރިމައްޗަށް ހުއްޓި ދެކަކޫ މައްޗަށް ތިރިވެވުނީ އޭނާގެ މަންމަ ދޭ ކޮންމެ އަދަބެއް މިއަދު ހެޔޮ ހިތުން ޤަބޫލުކުރާން ނިންމައިގެންނެވެ.

“ސޮފޫރާ، މީކޮން ސީޑީއެއްހޭ ބައްޕަ މި އަހަނީ، އަނގައިން ނުބުނަންޏާ ދެން ޖެހޭނި މިއީ ކޮން ސީޑީއެއްކަން ބަލަން” ޙައިދަރު މިހެން ބުނެލުމާއެކު އާތިޤާގެ ކުރިމަތީ އިސްޖެހިފައި އިން ސޮފޫރާގެ ރުއިމުގެ އަޑު ގަދަވިއެވެ.

“ނޫން! ނޫން! ބައްޕާ!… ތި ނުބަލާތި” ސޮފޫރާ ރޮމުން ރޮމުން ދެފަރާތަށް ބޯހޫރާލިއެވެ.

“މުޅި ރަށުގެ އެންމެނަށް އެނގޭއިރު ސޮފޫރާގެ ހަޤީޤަތް ނޭނގުނީ އަހަރުމެންނަށް، ސޮފޫރާގެ މައިންބަފައިންނަށް، އަދި އެބަ ބުނެޔޭ ނުބަލާށޭ، ބަލަ އޭތި އަހަރެންގެ އަތަށް ގެނެސްދިނީ ފާތާނިކެ، އަހަންނަށް މިހާރު ޔަގީންވެއްޖެ ސޮފޫރާއަށް އެނގިހުރެ ކުޅުނު ކުޅިގަނޑެއްކަން އެއީ، އެފަދަ ކަމެއް ކުރިއިރު ސޮފޫރާގެ ލަދުކޮބާ، އެއްފަހަރު ވެސް ހިތަކަށް ނޭރިތަ ފަހުންވާނެގޮތަކާމެދު” އާތިޤާގެ އަޑު ބާރެވެ.

“އާތިޤާ، ކޮންމެވެސް އެކަކު އަހަންނަށް މީ ކޮން އެއްޗެއްކަން ބުނެދޭންވީނު ދޯ” ޙައިދަރުގެ އަޑުވެސް ބާރުވިއެވެ. އޭރު ސިޓިން ރޫމުގައި ހާސްވެފައި ހުރި ގޮތަކަށް އުޒައިރު ހުއްޓެވެ. މިވަނީ ކިހިނެއްކަން ނޭނގި އެންމެންގެ މޫނުތަކަށް ބަލާށެވެ. ލުތުފީއަށް އޭނާގެ ދަރިފުޅު ލޮލުގައި އަޅައިގަތީ ދެނެވެ. އަތުން އިޝާރާތްކޮށްލުމާއިއެކު އުޒައިރު ކައިރިއަށް ގެނެސް ކޮޓަރިއަށް ވަނުމަށް ބުންޏެވެ. ބިރުން ހުރި ގޮތަކަށް އުޒައިރު ދުވެފައި ގޮސް ކޮޓަރިއަށް ވަނެވެ.

“ތީގައި އޮތީ މީނދަ އަންހެނާ ފިރިހެނަކާ ތަތްވެގެން ގަނެފައިހުރި ގަނޑު، ފާތާނިކެ ބުނީ ކާކުކަމެއް ނޭނގެޔޭ ތީތި އެގޭ ނަޝީދުއަށް ދިނީ، އޭނާއަށް ފެނުމާއެކު އަވަހަށް އަހަރެންގެ އަތަށް ގެނެސްދިނީ، މިވަރު ގޮތްކުޑަވާކަށް ނުވާނެއެއްނު، ރަށުގެ ކޮންމެ ގެއަކު ތި ސިޑީ ނެތްކަމެއް މިހާރަކު ނޭނގެ” އާތިޤާ ރުޅިއައިސް ދެރަވެފައި ހުރެ ވާހަކަދެއްކިއެވެ.

ޙައިދަރަށް ކުއްލިއަކަށް އޭނާގެ ބޮލުގައި ހިފަހައްޓާލެވުނެވެ. އަދި ދަތްތަކަށް ބާރުލެވުމާއިއެކު ފުރަގަހަށް އެނބުރިލެވުނެވެ. ދެން ކުއްލިއަކަށް ފެނުނީ އައިސް ސޮފޫރާގެ ކަންފަތްމަތީ ޖެހިތަނެވެ. އަދި އަތުގެ ދެފަރާތުގައި ހިފާ ނަގާ ނިކަން ބާރަށް ތަޅުވައިގަތެވެ. އިތުރަށް އަތުންފައިން ގޯހެއް ހަދާފާނެތީ ކަންބޮޑުވި ލުތުފީ އައިސް ޙައިދަރުގެ އަތުގައި ހިފެހެއްޓިއެވެ. އަދި ގަދަކަމުން ކަހަލަ ގޮތަކަށް އޭނާ ގޮވައިގެން ބޭރަށް ނިކުތެވެ. ގޭތެރޭގައި ސޮފޫރާގެ ރުއިމުގެ އަޑު ހަރުލައިގެން ދިޔައެވެ.

ސޮފޫރާގެ އަޑު އެވަގުތު އަހާކަށް އެކަކު ވެސް ބޭނުމެއްނުވިއެވެ. ދެ ބުމަ ކައިރިކޮށްލުމާއިއެކު އާތިޤާ ވެސް އެނބުރި ހިނގައިގަތީ އެނާގެ ކޮޓަރިއާ ދިމާއަށެވެ. މޫނުގައި އަތްއެޅި ގޮތަށް ކުރިއަށްވުރެ ވެސް ބޮޑަށް ގުދުވެލައިގެން އިން ސޮފޫރާގެ އަތްތިލައިގެ ތެރެއިން ކަރުނައިގެ އަސަރު ފާޅުވެގެންދިޔައެވެ. އަދި އޭނާގެ ރުއިން ގަދަވިއެވެ.

ކޮޓަރީގެ ދޮރު ކުޑަކޮށް ހުޅުވާލައިގެން ސިއްރުން ބަލަން ހުރި އުޒައިރަށް މިވަނީ ކިހިނެއްކަން ނޭނގުނެއްކަމަކު ސޮފޫރާ ރޯތަން ފެނުމުން އޭނާ ދެރަވިއެވެ. އަދި އެންމެން އޭނާއާ ދުރަށްދާތަން ފެނުމުން އެމީހުން ހުއްޓުވަން އުޒައިރު ބޭނުންވިއެވެ. އިރުކޮޅަކު ދުރުގައި ހުރުމަށްފަހު އެއްވެސް މީހަކު ފެންނަން ނެތުމުން މަޑުމަޑުން ސޮފޫރާގެ ގާތަށް އައިސް ހުއްޓިލިއެވެ.

“ސޮފޫދައްތާ! ދެން ނުރޮއެ… ސޮފޫދައްތަ ގޯސްކަމެއް ކުރީތަ؟ އެހެންވެތަ އެންމެން ސޮފޫދައްތަ ދެކެ ރުޅިއައިސްގެން އެ ދިޔައީ، ސޮރީ ބުނެ، މާފަށް އެދުނީމަ އެންމެން އުފާވާނެ” ސޮފޫރާގެ ކޮނޑުގައި އަތްޖައްސާލަމުން އުޒައިރު ބުންޏެވެ. ކޮޅަށް ތެދުވި ސޮފޫރާ، އުޒައިރުގެ އަތްދުރަށްލަމުން ދުވެފައި އައިސް އޭނާގެ ކޮޓަރިއަށް ވަނެވެ.

* * * *

އެނދުގައި އޮވެ އަރުފީނަށް ވިސްނެމުންދިޔައީ ފަޒަލް ކަންތައް ކުރާ ގޮތާމެދުއެވެ. ބައެއްފަހަރު ވަރަށް ގާތްކޮށް ވާހަކަދައްކާނެއެވެ. އަނެއްބަފައި ފަހަރުތަކުގައި ދަންނަ މީހަކު ކަމަށް ވެސް ހަދާނުލާނެއެވެ. އެގެއަށް އައީސުރެން ފަޒަލްގެ ފަރާތުން ފެންނަނީ ޔަޤީންކުރަން ނޭނގޭ ގުޅުމެކެވެ. ރަޙުމަތްތެރިއެކޭ ބުނަން އަރުފީނު ބޭނުންވިޔަސް އެކަމާ ޚުދު އޭނާ ސުވާލު އުފެދެއެވެ. އެ ބަދަލުތައް އޭނާއަށް އަންނަންވީ ސަބަބެއް އަރުފީނަށް އެއްގޮތަކަށް ވެސް ނުވިސްނުނެވެ. އޭގެ އިތުރުން ރޭގަނޑު ބާއްވަން ހަމަޖެހިފައި އޮތް ޕާޓީއަކީ ޚާއްޞަ ޕާޓީއެއްކަން އަރުފީނަށް އެނގެއެވެ. އެކަމަކު އެޕާޓީއަށް އޭނާއަށް ދައުވަތު ނުދޭންވީ ސަބަބަކާމެދު މާބޮޑަށް އަރުފީނަށް ވިސްނެނީއެވެ. އާދަޔާ ޚިލާފަށް ގޭގެ ގޯތިތެރެ ތައްޔާރު ކުރުމުގައި ފަޒަލް އިސްނަގައިގެން އުޅޭކަން ވެސް އަރުފީނަށް ވަނީ ފާހަގަވެފައެވެ. އެހެންވެ ރާވަމުން ދިޔަ ޕާޓީއަކީ ފަޒަލް ބޭނުންވެގެން ކުރާން އުޅޭ ކަމެއްކަމުގައި އަރުފީނަށް ޤަބޫލުކުރެވުނެވެ.

އިޝާ ނަމާދުކޮށްލައިގެން ފޭބި ތަނާހެން އަރުފީނަށް ޝާރުދާ ގުޅިއެވެ. އަދި އޭނާގެ ގާތުން ޝާރުދާ އެދުނީ ރުހައިލު އުޅޭ ގޮތް ބެލުމަށެވެ. އެރޭ އޮތް ޕާޓީއަށް، އެގެއަށް ގެންނަނީ ކޮންބައެއްތޯ އާ ގޭގައި އެމީހުން ޖަހަނީ ކޮންކަހަލަ ސަކަރާތެއްތޯ ބެލުމަށްފަހު ޝާރުދާއަށް އެންގުމަށް އޭނާ ބުންޏެވެ. ކުޑަވަގުތުކޮޅަކަށް ނަމަވެސް އަރުފީނަކީ ޝާރުދާގެ ސިއްރު އޭޖެންޓަކަށް ވިއެވެ.  މިވަގުތަށް ޝާރުދާ އެންމެ އިތުބާރު ކުރާ މީހާ ކަމުގައި އަރުފީންވެގެން ދިޔައެވެ. އެހެންވެ ކޮޓަރިން ނުނިކުންނާނަމޭ ހިތަށް އަރުވައިގެން އިން އަރުފީނަށް އެކަން އެގޮތަށް ކުރެވޭގޮތެއް ނުވިއެވެ. ގޭތެރޭގައި ވާކަންކަން ބެލުމަށް އަރުފީނު މަޑުމަޑުން ކޮޓަރިން ނިކުމެ ދެކޮޅު ހޯދާލިއެވެ. މީހަކު ފެންނަން ނެތުމުން ލިފްޓާ ދިމާއަށް ހިނގައިގަތީ ރުހައިލު އާއި ފަޒަލް ވާނީ ގޭގެ ތިރީބައިގައި ކަމަށް ހީކޮށްގެން ހުރެއެވެ.

އަތްފުރެންދެން އޮތް ފިނިފެންމާ ތަކާއެކު ކޮޓަރިން ނިކުން ފަޒަލް ޖެހުނީ އެ ދިމާ ހުރަސްކުރި އަރުފީނުގެ ގައިގައެވެ. އެއާއެކު އަތުން ބައެއް މާތައް ފައިބައިގެން ދިޔައެވެ. އެކަމާ ހިތްހަމަނުޖެހިގެން ފަޒަލް އެއްޗެއް ބުނެލުމުން އޭނާއަށް އެހީވާން އުޅެފައި ވެސް އަރުފީނަށް ޖެހިލެވުނީ ދުރަށެވެ. އެވަގުތު ފަޒަލްގެ ފަހަތުން ނިކުން ރުހައިލު ކާޕެޓުމައްޗަށް އެޅިފައި އޮތް ރަތާ ރީނދުލުގެ ފިނިފެންމާތަކުގެ ތެރެއިން ކުޑަކޮށް ފޮޅިފައި އޮތް ރަތް ފިނިފެންމަލެއް ނަގާ އަރުފީނަށް ދިއްކޮށްލިއެވެ.

“މިތަނުން މަލެއް ބޭނުންވެގެން ގަސްދުގައި ޖެހިގަތީ ދޯ، ބުނެލައިގެން އުޅޭނަމަ” ރުހައިލު ދިއްކޮށްލި މަލުގައި ނުހިފަން ވެގެން އަރުފީނު ހުންނަން ފެށުމުން އޭނާ ބުނެލިއެވެ. އޭރު ނަޒީފު އާއި ފަޒަލް ފިނިފެންމާތައް ހިފައިގެން ލިފްޓާ ދިމާއަށް ހިނގައްޖެއެވެ.

“އަމިއްލައަށް ތިހާ ބޭނުންވަންޏާ ގެންދިޔައިމަ ނިމުނީނު، މަށެއް ނޫޅެން ފިނިފެންމަލެއް ނުލިބިގެން” ދެލޯ އަޅާލާފައި ހަޝަމް ބަނދެލަމުން އަރުފީނު ބުނެލިއެވެ. އެހިނދު ލާނެތް ހިންޏެއް އައިސްފައި ހުރެ ރުހައިލުގެ އަތުގައި އޮތް ފިނިފެންމަލުން އަރުފީނުގެ ކޯތާފަތުގައި ޖަހާލިއެވެ. އަދި އަރުފީނުގެ ހުރަސްވެފައި އޮތް އަތްމަތީ ފިނިފެންމާ ބާއްވާފައި ފަޒަލްމެންގެ ގާތަށް ދިއުމަށް ހިނގައިގަތެވެ. ހަމައެވަގުތު އަރުފީނު އެ ފިނިފެންމާ ނަގާ ރުހައިލުއާ ދިމާއަށް އެއްލުމުން، އެ މާ އައިސް ޖެހުނީ ރުހައިލުގެ ބުރަކަށީގައެވެ. އެއާއެކު ފަހަތަށް އެނބުރިލާފައި ނިކަން ބާރަށް ހީނގަންނަމުން ލެއްޕެން އުޅުނު ލިފްޓާ ދިމާއަށް ރުހައިލު ދުއްވައިގަތީ އަރުފީނު ރުޅި އަރުވާލެމުން އުފާވެފައި ހުރި މީހަކު ހެންނެވެ. ލޯ ކުރިމަތިން ރުހައިލު ގެއްލުމުން އަރުފީނު ވެސް ހިނގައިގަތީ ލިފްޓަށް އެރުމަށެވެ. އޭނާއަށް ރުހައިލު ފެނުމުން އެވާގޮތެއް ނޭނގެއެވެ. އޭނާ ކުރާ ކުދިކުދި ގޯނާތަކުން ނިކަން ފަސޭހައިން ރުޅި އާދެވެނީއެވެ. ކުޑަކުއްޖަކު ފަދައިންނެވެ. ބައެއްފަހަރު ދެފައިތަޅައި ރޮއެގަންނަން އޭނާ ބޭނުންވެއެވެ. ހަޔާތުގައި ދުވަހަކު ވެސް ރުހައިލު ހެން އަރުފީނަށް ގޯނާ ކުރާ ޒުވާނަކާ ދިމައެއްނުވެއެވެ. ވެއްޓިފައި އޮތް ރަތްފިނިފެންމާ ފަސްދީފައި ގޮސް ލިފްޓަށް އަރަން އުޅެފައި ވެސް އަރުފީނަށް ހުއްޓެވުނެވެ. އަދި އެނބުރި ވެއްޓިފައި އޮތް ފިނިފެންމަލަށް ބަލާލިއެވެ.

“އޭނާ އެހެން ހެދިޔަސް އެ މަލުގެ ކުށަކީ ކޮބާ؟ އިޓްސް ސޯ ބިއުޓިފުލް… މިފަހަރު ނަގައިގެން ދާނީ” ފިނިފެންމަލަށް ބަލަހައްޓައިގެން އިރުކޮޅަކު ހުރެފައި އަރުފީނު އައިސް ވަރަށް ސިއްރު ސިއްރުން އެ ފިނިފެންމާ ނެނގިއެވެ. އޭނާގެ ތުންފަތުގައި ހިނިތުންވުމެއް އެވަގުތު ދުވެލިއެވެ. އަދި އަވަސްއަވަހަށް އެ މައު ހިފައިގެން އައިސް ލިފްޓުގެ ފިތަށް އޮބާލިއެވެ.

ރޭގަނޑު އަށެއްޖަހަންވިއިރު ފަޒަލް އާއި ރުހައިލުގެ އިތުރުން އެމީހުންގެ ރަޙުމަތްތެރިޔާ ނަޒީފު ވެސް ހުރީ ނިކަން ރީތިވެލައިގެންނެވެ. މަޑުކުލައެއްގެ ގަމީހެއް ފަޒަލް ލައިގެން ހުރިއިރު ރުހައިލު ހުރީ ކަޅު ގަމީހަކާ ކަޅު ޖިންސެއްގައެވެ. ޕޯޓިކޯގައި ފަޒަލްއާއެކު މަޑުކޮށްލައިގެން ހުރުމަށްފަހު ރުހައިލު އައިސް ވެއްޓިގަތީ ވަކިން ހުރި ސޯފާގޮނޑިއަށެވެ. ގޮނޑީގެ އަތްގަނޑުގެ މަތީން ދެފައި އެލުވާލައިގެން އިނދެ އަތުގައި އޮތް ފޯނާ ކުޅެން ފެށިއެވެ. އޭރު ވެސް ފަޒަލް ހުރީ އިންތިޒާރުގެ ވަގުތުތައް ގުނުމުގައި ޕޯޓިކޯގައި މަޑުކޮށްލި ގޮތަށެވެ. އޭނާގެ ގާތުގައި ނަޒީފު މަޑުކޮށްލައިގެން ހުރީ ފަޒަލްގެ އިޝާރާތަކަށެވެ. އެހެން ހުއްޓާ ކުއްލިއަކަށް ފޯނަށް ބަލާލި ފަޒަލްގެ ތުންފަތުގައި ހިނިތުންވުމެއް ދުވެލިއެވެ. އަދި ގޭގެ ގޭޓާ ދިމާއަށް ނިކަން ހަލުވިކޮށް ދުއްވައިގަތެވެ. އޭނާގެ ފަހަތުން ނަޒީފު ވެސް ދުއްވައިގަތެވެ.

“މީތަ ފަޒަލްމެން ގެއަކީ” ހުޅުވާލި ގޭޓުން އެތެރެއަށް ވަދެގެން އައި ވިޝާކާ އަހާލިއެވެ.

“މިލާން” ވިޝާކާއަށް ޖަވާބުދިނުމުގެ ބަދަލުގައި ފަޒަލް ގޮވާލީ ވިޝާކާއާއެކު އައި މިލާންއަށެވެ. ލަދުވެތި ހިނިތުން ވުމެއް ބަދަލުކޮށްލުމާއިއެކު މިލާން، އޭނާގެ ގާތުގައި ހުރި ވިޝާކާގެ އަތުގައި ހިފާލިއެވެ.

ރީނދޫކުލައިގެ ގަމީސްކޮޅުގައި މިލާން ހުރިއިރު ގޯތިތެރޭގައި ހުރި ބޮކިދަނޑިތަކުން އެޅޭ އައްޔާއެކީ ގަމީސްކޮޅުގެ ކުލަ އެ ކުޑަކުޑަ މޫނަށް އެޅިފައި ހުރި ކަހަލައެވެ. އެހެންވެ މިލާންގެ މޫނު ފެންނަނީ އާންމުކޮށް ހުންނަ ދޮންކަމަށްވުރެ ހަމުގެ ކުލަ އަލިވެފައި ހުރިހެންނެވެ. ހުވަފެނީ ގޮތަކަށް ދޭތެރެއަކުން ފަޒަލްއަށް ބަލާލެވެނީ މިލާންގެ ފިޔާތޮށި ފިނިފެންމަލެއްގެ ފިޔަ ފަދަ ރީތި ތުންފަތަށެވެ. މިލާން އެއްޗެއް ބުނޭތޯ މަޑުކޮށްލިއެއްކަމަކު އޭނާ ވާހަކަ ނުދެއްކުމުން ފަޒަލް އެ ހަމަހިމޭންކަން ނެތިކޮށްލިއެވެ.

“ފަޒަލްގެ މަންމަ ހައްދާ ގާޑަންއެއްތަމީ” ގޯތިތެރޭގައި ހައްދާފައި އޮތް ދޫލައެއްފަދަ ފެހިކަން ގަދަ ވިނަގަނޑާއި ވަށައިގެން ފެންނަމުންދިޔަ ކުލަކުލައިގެ މާގަސްތަކުން އަޖައިބުވެފައި ހުރި ވިޝާކާ އަހާލިއެވެ.

“މީ ރުހައިލުގެ މަމްގެ މަސައްކަތް… އާދޭ އެތެރެއަށް” ބޮޑުކޮޓަރިތެރެއަށް ވަން ފަޒަލް އާއިއެކު ތިބި މީހުން ސޯފާގޮނޑިއަށް ވެއްޓިގަނެގެން އޮތް ރުހައިލަށް ފެނުމުން އަވަސް އަވަހަށް ތެދުވިއެވެ.

“ހާއި ރުހައިލް” މިލާން ގޮވާލިއެވެ. އޭނާއަށް ފަޒަލްއާ ވާހަކަދައްކަން އުނދަގޫވިޔަސް އެކަން ރުހައިލާ ވާހަކަދައްކާއިރު ފާހަގައެއް ނުވެއެވެ. ފަހަރެއްގައި އެހެންވަނީ އޭނާގެ ހިތުގައި ފަޒަލްއަށް ދެވިފައިވާ ޚާއްޞަ މަގާމުގެ ސަބަބުންކަމުގައި އޭނާއަށް ޤަބޫލުކުރެވެއެވެ. ލަދުގަނެ ރަކިވަނީ ފަޒަލްގެ ހަރަކާތްތަކުންނެވެ.

“ކޮބާ ރިއާ، އޭނާ ބުނި ވިޝްމެންނާއެކު އަންނާނަމޭ” ނަޒީފު އަހާލިއެވެ.

“ނަޒީފުގެ ފުރާނަފުޅު ވަޑައިންނަވާނެ ކާރުކޮޅުގައި” ސަމާސާ ރާގެއްގައި ވިޝާކާ ބުނެލިއެވެ.

“މައްސަލައެއްނެތޭ ދިމާކުރިޔަސް، އެއީ ހަމަ އަހަރެންގެ ފުރާނަ” ރިއާ އަންނަނީކަން ޔަޤީންވުމުން ނަޒީފުގެ މޫނުމަތިން ހިތްހަމަޖެހުމުގެ ކުލަވަރު ފާޅުވެގެންދިޔައެވެ.

“ކޮބާތަ މިގޭގަ ހުންނަ އެއްކަލަ އަންހެން ކުއްޖާ” ވަށައިގެން ހޯދާލަމުން ވިޝާކާ ބުނެލިއެވެ.

“އޭނާ ވެސް އުޅޭނެއެއްނު” އަރުފީނުގެ ނަންގަންނަ ކޮންމެ ފަހަރަކު މިލާންގެ މޫނުމަތިން ތަފާތު ކުލަވަރެއް ފެންނަކަން ފަޒަލް އެނގޭތީވެ އޭނާ އެއްގޮތަކަށް ވެސް އަރުފީނުގެ ވާހަކައެއް ދައްކަން ބޭނުންނުވީއެވެ.

“ރުހައިލު، ކިހިނެއްތަ؟” އެންމެފަހުން ނީނދެވިގެން ވިޝާކާ ވާހަކަދެއްކިއެވެ.

ދެތިން އެއްޗެއް ބުނެލިއެއްކަމަކު އާދައިގެ މަތީން މިފަހަރު ވެސް ރުހައިލުގެ ފަރާތުން ވިޝާކާ ބޭނުންވި ފަދަ ޝައުގުވެރިކަމެއް ނުފެނުނެވެ. ރިއާ އައުމާއެކު އެންމެން އައީ ބަދިގެއަށެވެ. އެވަގުތު އަރުފީނު ވެސް ނިކުތީ ޝާރުދާ އެދިފައިވާ ކަންތައް ކޮށްދިނުމަށެވެ. ބޭނުންނުވިޔަސް ރުހައިލުމެން އުޅޭގޮތް ބަލަން އޭނާއަށް މިރޭ އޮތީ ޖެހިފައެވެ. ބޮޑުކޮޓަރިތެރޭގައި ވަރަށް އަޑުގަދަކަން އޭނާއަށް ފާހަގަކުރެވުނެވެ. އެހެންވެ މަޑުމަޑުން އައިސް ލިފްޓަށް އެރުމުގެ ބަދަލުގައި ސިޑީގެ ހަރުފަތްތައް ގިރާ ކުރަމުން އެގެއަށް އައީ ކޮންބައެއްތޯ ބެލުމަށް ބޯދެމުން އަރުފީނު ފައިބައިގެން އައެވެ. އޭނާއަށް ތިރިއަށް އާދެވުނު އިރު އެންމެން ބަދިގެ ފަރާތަށް ވަންނަނީއެވެ. ތިން އަންހެން ކުދިން ފެނުނީ ފުރަގަހުން ނަމަވެސް އެތަނުން ދެ ކުދިން ވަކިކުރަން އަރުފީނަށް އެނގުނެވެ.

“މިލާން… ފަޒަލް އޭނައަށްތަ އެހާވަރަކުން ދައުވަތު ދިނީ، ކޮބައިބާ އޭރު ގެންގުޅުނު ފިނިފެންމާތައް” ހިތާހިތުން އަރުފީނު ބުނެލިއެވެ. އޭނާ ދުރުދުރުން ފަޒަލްމެންނަށް ނޭނގޭނޭހެން ކާކޮޓަރި ބަލާލިއެވެ. ލޯބިވެރިން ފަދައިން ނުހަނު ގާތްކޮށް ފަޒަލް، މިލާންއާ ވާހަކަދައްކާތަން އަރުފީނަށް ފެނުނެވެ. އޭރު ނަޒީފު ވެސް އިނީ ރިއާ އާ ކައިރީގައި އިށީނދެއެވެ. އޭގެ ބަދަލުގައި ދެންތިބި ދެ ޒުވާނުންގެ މެދުގައި ހީވަނީ ބޯފާރެއްލެވިފައި ވާހެނެވެ. އަނގައިން ވެސް ނުބުނެ އިނދެ ރުހައިލު ފަރުވާތެރިކަމާއެކު ކަމުން ދިޔައިރު ވިޝާކާ އިނީ ކާހިތްކެނޑިފައި އިން ފަދަ ގޮތަކަށެވެ. އިތުރަށް އެތަނުގައި މަޑުނުކޮށް އަރުފީނު އައީ ބޮޑުކޮޓަރިއަށެވެ.

“އަހަރެން ވެސް އުޅެނީ މިގޭގައި، ޝާރުދާ ދައްތަ އަހަންނަށް އެއްވެސް ކަމެއް މަނައެއްނުކުރޭ، އެމީހުން އަޔަސް އިންނާނީ ހަމަ މިތަނުގައި، އެނގިދާނެ އެއްނު ދައްކާ ވާހަކައެއް ވެސް، އޭރުން ރުހައިލު ވަރަށް ރުޅި ގަދަ ވާނެ ކަންނޭނގެ، ރަނގަޅީ ވެސް އެހެންވިއްޔާ” އަމިއްލަ ޚިޔާލެއްގައި ހުރެ އައިސް ސޯފާގައި އިށީނދެ ޓީވީ ހުޅުވާލިއެވެ.

ކައިނިމިގެން އެންމެން ބޮޑުކޮޓަރިއަށް ނިކުތުމާއިއެކު އެތަނުގައި އިން އަރުފީނު ފެނުނެވެ. ފަޒަލް، ރުހައިލަށް ބަލާލީ ކަންބޮޑުވުމުގެ ނަޒަރަކުންނެވެ. ނަމަވެސް ރުހައިލުގެ މޫނުމަތިން އެފަދަ އަސަރެއް ފާޅެއްނުވިއެވެ. އޭނާއަށް ވަށައިގެން ހޯދާ ލެވުނީ އަރުފީނަށް އެންމެ އަވަހަށް ލަނޑެއްދެވޭނީ ކިހިނެއްތޯއެވެ.

“ހިނގާ ބޭރަށް ނިކުމެލަން، ވަރަށް އަރާމު ވައި އެބަޖެހޭ” ފަޒަލް މިހެން ބުނެ މިލާންގެ އަތުގައި ހިފާލިއެވެ. އޭނާގެ އަތް ދުރަށްލުމުގެ ބަދަލުގައި މިލާން ވެސް ހިނިތުންވެލަމުން ފަޒަލް ގެންދާ ތަނަކަށް ދިއުމަށް ފިޔަވަޅަކަށްފަހު ފިޔަވަޅެއް އަޅުން ކުރިއަށް ދިޔައެވެ.

ގޯތިތެރޭގައި ހުރި މޭޒުތަކުން މޭޒެއްގެ ދޮށުގައި މިލާން ގޮވައިގެން އައިސް ފަޒަލް އިށީނެވެ. ކައިރީގައި ހުރި ބޮކިދަނޑި ނުދިއްލާ ހުއްޓެއްކަމަކު މޭޒުމަތީގައި ހުރި ބައްތިހޮޅުގެ ތެރެއިން ނަށަމުން ދިޔަ އުއްބައްތީގެ ހުޅުކޮޅުން ފަޒަލް އާއި މިލާން ތިބި ސަރަޚައްދަށް އަލި ފެތުރިފައި އޮތެވެ. ވާހަކަދައްކަމުން ގޮސް މޭޒުމަތީ އޮތް މިލާން އަތްތިލާގައި ފަޒަލް ހިފާލިއެވެ. އަދި ކުޑަވަގުތު ކޮޅަކަށް ހިމޭންވެލުމަށްފަހު ފުންނޭވާއެއް އޭނާ ލިއެވެ.

“މިލާން، ކިޔަވާ ނިމުމުން އަހަންނަށް މިލާން ގެއްލިދާނެތީ ވަރަށް ވިސްނޭ، ހަޤީޤަތަކީ…. އަހަންނަށް… އަހަންނަށް މިލާން ވަރަށް ކަމުދިއުން، އަހަންނަށް މިލާން…. މިލާންދެކެ ލޯބިވެއްވިއްޖެ” ޖެހިލުންވެފައި އިނދެވެސް ފަޒަލްގެ ހިތް ބަންޑުންކޮށްލިއިރު މިލާންއާ ދެމީހުންގެ ހަތަރުކަޅި ހުރީ ބައްދަލުވެފައެވެ. ޖަވާބެއް ލިބޭތީ އިން ފަޒަލްގެ އަތްތިލައަށް މިލާން ބާރުކޮށްލަމުން ހިނިތުންވެލިއެވެ.

“ތި ދިން އިޝާރާތުގެ މާނައަކީ މިލާން ވެސް އަހަރެންދެކެ ލޯބިވެއޭތަ؟” ދެ ޒުވާނުންގެ ގުޅިފައި އޮތް އަތްތިލައަށް ފަޒަލް ބަލާލުމަށްފަހު މިލާންއާ ނަޒަރު ހަމަކޮށްލަމުން އަހާލިއެވެ. އެހިނދު މިލާން އިސްޖަހާލަމުން ބޯޖަހާލީ އެއްބަސްވުމުގެ ގޮތުންނެވެ. އުފަލުން ގޮސް ފަޒަލްއަށް ގޮނޑިން ތެދުވެވުނެވެ. އަދި މިލާންގެ އަތުގައި ހިފާލުމާއިއެކު ގެނެސް އެއަތުގެތެރެއަށް އެއަންހެންކުއްޖާ ގެނެސްލިއެވެ. އެހިނދު ދުރުގައި ތިބި ބަޔަކު އަތްތިލަބަޑި ޖަހާލި އަޑުއިވުނެވެ. ސިހިފައި މިލާން ދުރަށް ޖެހިލުމުން ފަޒަލް ބަލާލީ އަޑުއައި ދިމާލަށެވެ. އޭރު ނަޒީފު އާއި ރިއާގެ އިތުރުން ރުހައިލު އާއި ވިޝާކާ ވެސް އެދިމާލަށް އަންނަނީއެވެ.

“މީ ކޮންމެވެސް ވީޑިއޯ ކުރަންޖެހޭނެ ވަގުތުކޮޅެއް” ހިނިއައިސްފައި ހުރެ ފޯނުން ކެމެރާ ކުރަމުންދިޔަ ނަޒީފު ބުނެލިއެވެ.

ލަދުން ހުރި މިލާންގެ އަތުގައި ފަޒަލް ހިފާލުމާއިއެކު ބަލާލީ މައްޗަށެވެ. އަނދިރިކަމުން އެއްވެސް ތަނެއް ނުފެނުނެއްކަމަކު ނަޒީފު ފަޒަލްއަށް ގޮވާލާފައި “ރަނގަޅު” ކަމުގައި ބުނެލިއެވެ. އެހިނދު ފަޒަލް ހީވީ މިލާން ގެނެސް ވަކި ދިމާލެއްގައި ބެހެއްޓިހެންނެވެ. އޭނާ ކުޑަކޮށް ދުރަށް ޖެހިލާފައި މާވަށިގަނޑު ކައިރީ އޮތް ވާގަނޑެއް މޮހައިލިއެވެ. އެއާއެކު ހުރިހާ އަންހެން ކުދިން އެއްފަހަރާ ހަޅޭލަވައިގަތެވެ.

“އޯ މައި ގޯޑް…” މަތިން އޮހިގަތް ރަތާއި ރީނދުލުގެ ފިނިފެންމާ ފިޔަތަކުން މިލާން ފެންވެރުނު ކަހަލައެވެ. ހިނިއައިސްފައި ހުރެ އުފަލާލާފައިވާ އިސް ތިރިކޮށްލެވުނު ވަގުތު އޭނާގެ ކުރިމަތީ ކުޑަކަކޫ ޖަހާލައިގެން ރަތްކުލައިގެ މަހުމާފޮށްޓެއް ދިއްކޮށްލައިގެން ފަޒަލް އިންތަން ފެނުނެވެ.

“އޯ ފަޒަލް….” އަނގަމަތީ ފަސްއިނގިލި އެއްކޮށް އަޅާލެވުނު މިލާންގެ ލޯ އުފަލުންގޮސް ފެންކަޅިވިއެވެ. ފަޒަލް އޭނާދެކެ އެހާ ލޯބިވެދާނެކަމަކަށް މިލާން ހިޔެއްނުކުރެއެވެ. އަވަސް އަވަހަށް ފަޒަލް ދިއްކޮށްލައިގެން އިން ކުޑަފޮށީގައި ހިފައި އޭތި ހުޅުވާލިއެވެ. އޭގައި އޮތީ ރިހިކުލައިގެ ފަށެކެވެ. ފުލުގައި ލާފައި އޮތް ޔާގޫތު ވިދަވިދާ އޮތެވެ. ފަޒަލް ތެދުވެގެން އައިސް އެ ފަށް ނަގާ މިލާޏްގެ ކަރުގައި އަޅުވައިދިނެވެ.

އެންމެން ބޭރަށް ނިކުންނަން ފެށުމުން މިވަނީ ކިހިނެއްތޯ ބަލަން އަރުފީނު ވެސް ހުރީ ނިކުމެ ޕޯޓީކޯގައި މަޑުކޮށްލައިގެންނެވެ. އޭނާއަށް ހުރިހާ މަންޒަރެއް ސާފުކޮށް ފެނުނެވެ. ފަޒަލް ލޯބިވަނީ މިލާންދެކެކަން އަރުފީނަށް ޔަޤީން ކުރެވުނެވެ. އެހެންވުމަކުން އޭނާގެ ހިތަކަށް އެއްވެސް އަސަރެއް ނުކުރިއެވެ. ހަޤީޤަތުގައި އޭނާއަށް ލޯތްބަކީ ކޮބައިކަމެއް ނޭނގެއެވެ. އެހެންނަމަވެސް ފަޒަލްއަކީ މީހުންގެ ހިތް ހޯދަން މޮޅު ޒުވާނެއްކަމުގައި އަރުފީނަށް ޤަބޫލުކުރެވުނެވެ.

“ދެޓްސް ރިއަލީ ސްވީޓް” ފިނިފެންމާތަކުން ފަޒަލް ކުރީ ކީއްކަން އެނގުމުން އަރުފީނަށް ބުނެލެވުނެވެ. އަދި ފަޒަލް އާއި އޭނާއާ ދެމެދުގައި އޮތް ގޮތް ނޭނގޭ ގުޅުމަށް އިތުރަށް ސިކުނޑި ބާރުކުރުމުގެ ބޭނުން ކެނޑިގެން ދިޔައެވެ. ޔަޤީނުން ވެސް ފަޒަލް ވިޔަސް ވާނީ އަރުފީނުގެ ރަޙުމަތްތެރިއަކަށެވެ. އެގޮތް އަރުފީނަށް ވެސް މާ ރަނގަޅުވިއެވެ. ފަޒަލްގެ ފަރާތުން ފެނުނު އެއްވެސް ކަމަކީ ލޯބި ނޫންކަމާއި އެއީ ކޮށްލި ސަމާސާތަކެއްގެ ގޮތުގައި އަރުފީނު ނިންމިއެވެ. ލުއި ހިނިތުންވުމަކާއެކު އަރުފީނު އެނބުރި ގޭތެރެއަށް ވަދެގެން ދިޔައެވެ.

“ދައްތާ، ގެއަށް އައީ އަހަރުމެންނާއިއެކު ކިޔަވަން އުޅޭ ކުދިންކޮޅެއް، އެމީހުން އައިސް ކައިގެން ވާހަކަދައްކާލަން ތިބެފައި ހިނގައްޖެ” ރޭގަނޑު އެގާރަޖަހާކަން ހާއިރު ޝާރުދާ ގުޅުމުން އަރުފީނު ކިޔައިދިނެވެ. އޭނާއަށް ފެނުނު މަންޒަރުތައް ފެނުނު ގޮތަށް ކިޔައިދިނުން މުހިންމު ކަމުގައި އޭނާ ނުދެކެއެވެ.

ނިދަން އެނދަށް އަރާ އޮތްއިރު އަރުފީނަށް ސިފަ ކުރެވެމުންދިޔައީ ފިނިފެންމާ ފިޔަތައް އޮހިގަތް ވަގުތު އޭގެ ދަށުގައި މިލާން ހުރި ގޮތެވެ. ކީއްވެކަމެއް ނޭނގެއެވެ. އަރުފީނުގެ ސިކުނޑީގައި މީގެ ކުރިން ނުއުފެދޭ ސުވާލެއް އުފެދިގެން ދިޔައެވެ. އެއީ އޭނާގެ ދިރިއުޅުމާމެދުއެވެ. އޭނާއަށް ލޯބިވެވޭނީ ކޮންކަހަލަ މީހަކު ދެކެ ކަމެވެ. އަދި އޭނާދެކެ އެމީހަކު ލޯބިވާނެ ކަހަލަ މީހަކާ ދިމާވާނެބާއެވެ. ކޮންމެއަކަސް އެއީ ކޮންމެ މީހަކު ނަމަވެސް އަރުފީނު ވެސް ހިތަށްއެރީ އެމީހަކީ ފަޒަލް ކަހަލަ މީހަކަށް ވުމެވެ. އެހާ ލޯބިވާ މީހަކު ލިބުމެވެ. ހަނދާނުން ފޮހެލަން ދަތި ވަގުތުތަކެއް ހޯދައިދޭނެ ބައިވެރިއެކެވެ. ރަކިގޮތަކަށް ހީނލާފާއި އަރުފީނު އަމިއްލަ ބޮލުގައި ޖަހާލީ ކުރެވޭ މޮޔަ ޚިޔާލުންނެވެ. އެއްފަރާތަށް އެނބުރިލާފައި ބާލީހުގައި ބައްދާލި ވަގުތު ސައިޑްކަބަޑުމަތީ ފެންތަށްޓަކަށް ލާފައި އިން ފިނިފެންމާ ފެނުމާއެކު އަރުފީނުގެ ޠަބީޢަތް ބަދަލުވެގެން ދިޔައެވެ.

“ސްޓުޕިޑް ބޯއީޒް، އީވަލް ބައެއް އެއީ…. ސްޕެޝަލީ ހިމް” ރުހައިލުގެ މަތިން ހަނދާންވުމުން އަރުފީނަށް ބުނެވުނެވެ.

ބާލީހުގައި މޫނު ފޮރުވާލި ގޮތަށް ގިނައިރެއް ނުވެ ފުންނިންޖެއްގެތެރެއަށް އަރުފީނު ގެނބިގެން ހިނގައްޖެއެވެ. އެއްވެސް ބޮތްކެއް ނުނިއްވާ ހުރުމުން އެ ކޮޓަރީގެ ހުރީހާ ދިމާލެއްހެންވަނީ އަލިވެފައެވެ. އޭގެ އިތުރުން އެނދުކައިރީގައި ހުރި ކުޑަކަބަޑުގެ ވަތްގަނޑު ހުޅުވާލާފައި ހުއްޓެވެ. އޭގެ ތެރޭގައި އަތްޖަހޭ ހިސާބުގައި އުއްބައްތިއަކާއި އެ ރޯކުރާނޭ އެއްޗެއް އޮތެވެ. ހޭލެވޭ ކޮންމެ ފަހަރަކު އަރުފީނަށް އެންމެ ފުރަތަމަ ވެސް ބަލާލެވެނީ އެ ވަތްގަނޑަށެވެ.

* * * *

ރޭގަނޑުގެ ހިމޭންކަމުގެތެރޭގައި ސޮފޫރާގެ ގިސްލުމުގެ އަޑުފިޔަވާ އިތުރު އަޑެއް ނީވެއެވެ. އެކަނިމާއެކަނި އެނދުގައި އޮތްއިރު އޭނާގެ ސިކުނޑިއަށް އަންނަނީ ނުބައިކަމުން ފުރިގެންވި ޚިޔާލުތަކެވެ. ލޯކުރިމަތިން އަބަދުމެ ސިފަވަނީ އާތިޤާ އާއި ޙައިދަރުގެ މޫނު ލަދުވެތިކަމުން އިސްޖެހުނު ގޮތެވެ. އެމީހުން ދުވަހަކު ވެސް ސޮފޫރާއަށް މާފު ނުކުރާނެއޭ އޭނާގެ ހިތަށް އަރަމުންދިޔައެވެ. އެތައް އިރަކު ރުއިމުގެ ސަބަބުން ސޮފޫރާގެ ދެ ލޯ ވަނީ ރަތްވެ ދުޅަވެފައެވެ. އޭގެ އިތުރުން ލޮލުގައި ދިލަތަދެއް ހުރުމާއެކު ލޯ ހުޅުވައިގެން އޮންނަން އުނދަގޫވާންފެށިއެވެ. ލޯ މަރާލައިގެން ސޮފޫރާ އޮތްއިރު ވެސް ދޭތެރެއަކުން ރޮނގުހަދާލާފައި ކަރުނައިގެ ތިކިތައް ފައިބައިގެން ގޮސް އޭނާ ބޯއަޅައިގެން އޮތް ބާލީސް ތެތްމަމުން ދިޔައެވެ. އެހެންއޮއްވާ ފަތިސްވާން ގާތްވެފައި ވަނިކޮށް ވަރުބަލިކަން އެކުލެވިފައިވި ސޮފޫރާގެ ދެ ލޮލަށް އަރާމެއް ދިނީ ނިންޖެއެވެ. އޭނާއަށް ނިދުނީ ފިކުރުތަކުގެތެރެއަށް ގެނބެމުންދަނިކޮށެވެ.

ފަތިސް ނަމާދުކޮށްގެން ޙައިދަރާއި ލުތުފީ ހުރީ ގެއާ ދިމާލަށް މިސްރާބުޖަހާފައެވެ. ލިބިފައިވާ މާޔޫސްކަމުގައި ޙައިދަރު ހުރީ ބަސްމަދުވެފައެވެ. ފަޒާގައިވާ ހަމަހިމޭންކަން ނެތިކޮށްލަން މަސައްކަތް ކުރަމުންދިޔަ ކޮވެލީގެ އަޑު ފިޔަވާ އެއްވެސް އަޑެއް އެމީހުންގެ ވަށައިގެން ނުވެއެވެ. ނަމަވެސް ވަކި ހިސާބަކުން ގެއެއްގެ ފާރުކައިރީގައި ބަހައްޓާފައި ހުރި ޖޯލިފަތީގައި ތިބި ދެތިން ޒުވާން ކުއްޖަކު ދެއްކި ވާހަކައިގެ ތެރެއިން ސޮފޫރާގެ ނަން ޙައިދަރުގެ ކަންފަތާ ހަމައަށް އައެވެ. އެއާއެކު އެމީހުންނާ ދިމާއަށް ޙައިދަރު ބަލާލިއެވެ. އެހިނދު އޭނާގެ ގާތުގައި ހުރި ލުތުފީ، ޙައިދަރުގެ ކޮނޑުގައި އަތްޖައްސާލުމުން ކުރިއަށް ހިނގައިގަތެވެ. އެ ދެމީހުންނަށް ޖޯލީގައި ތިބި ޒުވާނުން ފަސްދީ ނުދެވެނީސް އެމީހުން ލާނެތްގޮތަކަށް ހީނގަތެވެ. އަދި ގަސްދުގައި ޙައިދަރަށް އަޑުއިއްވާލުމުގެ ގޮތުން ހުތުރުބަހުން ސޮފޫރާއޭ ކިޔައިގެން އެއްޗެއް ބުނެލިއެވެ. އެއަޑު ލުތުފީއަށް ވެސް އިވުނެވެ. އެހިނދު ޙައިދަރުގެ ހިނގުން ވެސް މަޑުޖެހިލިއެވެ. އެއާއެކު ޙައިދަރު ކަންތައްކުރާނެގޮތެއް ނޭނގި ހުރި ލުތުފީ ނިކަން އަވަހަށް ޙައިދަރުގެ މުލައްދަނޑީގައި ހިފާލިއެވެ.

“އެއްޗެހި ކިޔާ ކޮންމެ މީހެއްގެ އަނގައިގައި ނުހިފެއްޓޭނެ، އެންމެ ރަނގަޅުވާނީ އަޅާނުލުން” ލުތުފީ ބުނެލިއެވެ.

ލުތުފީއަށް ބަލާލުމެއްނެތި ޙައިދަރު ކުރިއަށް ހިނގައިގަތެވެ. އަދި އޭނާގެ ހިނގުން ބާރުވިއެވެ. ޙައިދަރާ އެއްވަރު ކުރުމަށް ލުތުފީ ވެސް ހިނގުން ބާރުކޮށްލިއެވެ. ދެމީހުން އައިސް ގެއަށް ވަނީ އެކުއެކީގައެވެ. ދުނިޔެމަތި ރަނގަޅަށް އަލިނުވާތީވެ ގޯތިތެރެ ފެންނަނީ ފަޅުކޮށެވެ. ބޮޑުކޮޓަރިއަށް ވަދެގެން އައިސް ދެމީހުން ވެސް އިށީނީ އެއްސޯފާއެއްގައެވެ. އޭރު ކުޑަމޭޒުމަތީ ތަބަކެއްގައި އާވިއަރައަރާ ހުރި ދެ ތަށިކޮފީ ހުއްޓެވެ. ގޭތެރެއަށް ލުތުފީ ނަޒަރު ހިންގާލީ އާތިޤާ ފެނޭތޯއެވެ. ކޮފީތަށިތަކަށް ބަލާލުމުން އެތަށިތައް ގެނެއި ދެންމެ ކަމުގައި އޭގެ ހޫނުކަން ހެކިވެއެވެ. ކޮންމެ ދުވަހަކު ވެސް އެމީހުން ފަތިސް ނަމާދުން އަންނައިރު އާތިޤާ ހުންނާނީ ކޮފީތަބަށް ނެރެދީފައެވެ. އަދި އެމީހުންނާ ވާހަކަދައްކާލަން ކުޑައިރުކޮޅަކު ވިޔަސް މަޑުކޮށްލާނެއެވެ. ނަމަވެސް މިއަދު އާތިޤާ ފެންނަން ނެތުމުން ލުތުފީ ކަންބޮޑުވީއެވެ. އޭނާ ފުރަން ހަމަޖެހިފައި އޮތެއްކަމަކު މިފަދަ ވަގުތެއްގައި އާތިޤާ އެކަނިކޮށްލާފައި ފުރަން ލުތުފީގެ ޟަމީރު ބޭނުންނުވާ ކަހަލައެވެ. ޚިޔާލުތަކަށް ގެއްލިފައި އިން ލުތުފީގެ ސަމާލުކަން ހޯދީ ކުއްލިއަކަށް ތެދުވެގެން އެތެރެއަށް ދިއުމަށް ހިނގައިގަން ޙައިދަރެވެ. ތަބަކުން ނެގި ކޮފީ ޖޯޑު އަލުން ބަހައްޓާފައި ލުތުފީއަށް ތެދުވެވުނެވެ. ޙައިދަރު ދިޔައީ ސޮފޫރާގެ ކޮޓަރިއާ ދިމާއަށެވެ. އެތަން ފެނި ލުތުފީ އިތުރަށް ހާސްވިއެވެ.

“ޙައިދަރު، އަންހެންދަރިފުޅު އެ ހުރީ ބޮޑުވެފައި، އަނިޔާކުރުމަކީ އަހަރެން އެއްގޮތަކަށް ވެސް ތަރުހީބުދޭ ކަމެއްނޫން، ލޯތްބާ އޯގާތެރިކަމާއެކު ދަރިންނަށް ވިސްނައިދޭން މަސައްކަތްކޮށްފިނަމަ އެކުދިން އަޑުއަހާނެ، ޤަބޫލުކުރާނެ” ހާސްވެފައި ހުރެ ލުތުފީއަށް ބުނެލެވުނެވެ.

ޙައިދަރު އެނބުރި ލުތުފީއަށް ބަލަން ހުރެފައި ބޯޖަހާލިއެވެ. ނަމަވެސް އޭނާ ނުއެއްހުއްޓުނެވެ. ސޮފޫރާގެ ކޮޓަރީގެ ދޮރު ހުޅުވާލުމަށް ތަޅުގައި ހިފާ އަނބުރާލިއިރަށް އެ ދޮރުފަތް ހުޅުވިގެން ދިޔައެވެ. މަޑުމަޑުން ކޮޓަރި ތެރެއަށް ޙައިދަރު ވަންއިރު އެތަނުގައި ހުރީ ފަނޑުއަލިކަމެކެވެ. އެއާއެކު ފާރުގައި ހުރި ސުވިޗު ޖައްސާލިއެވެ. ކުއްލިއަކަށް މުޅި ކޮޓަރި އަލިވެގެން ދިޔައެވެ. ޙައިދަރުގެ ނަޒަރު ހުއްޓުނީ އެނދުގައި އޮތް ސޮފޫރާއަށެވެ. މަޑު ހިނގުމެއްގައި ޙައިދަރު އެ އެނދު ކައިރިއަށް އައިސް ހުއްޓިލިއެވެ. ކުރުގެޅިލައިގެން ބާލީހުގައި ބައްދާލައިގެން އޮތް ސޮފޫރާއަށް ބަލަން ޙައިދަރު އިރުކޮޅަކު ހުއްޓެވެ. ސޮފޫރާގެ ދުޅަވެފައިވާ ދެލޯ ޙައިދަރަށް ފާހަގަވިއެވެ. ސޮފޫރާގެ މަގަތުން އެނދުގައި ޙައިދަރު އިށީނދެ އެކުއްޖާގެ ނިތްކުރީގައި ފިރުމާލިއެވެ. އަމިއްލަ ދަރިއެއްކަމުގައި ނުވިޔަސް ސޮފޫރާ ބޮޑުވީ ޙައިދަރުގެ އަމިއްލަ ދަރިއެއްގޮތަށެވެ. ބުރަކަށިމައްޗަށް ދެދަރިން އަރުވައިގެން ގޯތިތެރޭގައި ކުޅެން އުޅުނު ދުވަސްތައް ޙައިދަރުގެ ލޯކުރިމަތިން ކުލަވާންފެށިއެވެ. ސުކޫލުން ރިޕޯޓުދޭ ދުވަހު އަރުފީނާއެކު ސޮފޫރާ ދުވެފައި އައިސް ގެއަށް ވަދެ އިނާމުކޮބައިތޯ އަހާލާ އަހާލުމުން ޙައިދަރުގެ ހިތްފުރިދެއެވެ. ރަނގަޅު ގޮތުގައި ދެ ދަރިން ބޮޑުކޮށް ރަނގަޅު ކުދިބަޔަކަށް އެ ދެ ކުދިން ވުމަށް ޙައިދަރު އެތަކެއް ހުވަފެންތަކެއް ދުށްޓެވެ. ޙައިދަރުގެ ދެލޯ ފުރި ބަންޑުންވިއެވެ. އަންހެންދަރިފުޅުގެ އަބުރު ކައިވެނީގެ ކުރިން ގެއްލިގެން ދިއުމުން އޭނާގެ ނަފުސު ކުއްވެރިކުރެވުނެވެ. އަމިއްލަ ހަށިގަނޑުގައި ނުފިލާވަރުގެ މިލައެއް ހަރުލައިފިހެން ހީވިއެވެ. ދެއަތްތިލައިގެ ތެރޭ މޫނު ފޮރުވާލެވުމާއިއެކު ދެއުޅަންބޮށިކޮޅު ދެފައިގެ ކަކުލާ ހަމައިގައި ވިއްދާލި ޙައިދަރު ގުދުވެލިއެވެ. އޭރު އޭނާއަށް ހަމަ ރަނގަޅަށް ވެސް ރޮވިއްޖެއެވެ.

“ސޮރީ ބައްޕާ…” ޙައިދަރު ސިހުނީ ސޮފޫރާގެ އަޑު އިވުމުންނެވެ. އޭރު އޭނާ ޙައިދަރުގެ ކޮނޑުގައި ބޯއަޅާލަމުން ޙައިދަރުގެ އަތުގައި ދެއަތުން ބައްދާލިއެވެ. ބައްޕަގެ ލޯތްބާއި އޯގާތެރިކަމަށް އެދިގެންނެވެ.

“ދަރިފުޅު ކީއްވެ ތިހެން ކަންތައްކުރީ، ބައްޕަ ހީކުރީ އަރުފީނުކޮއްކޮއަށް ނަމޫނާއަކަށް ސޮފޫރާވާނޭކަމަށް، ބައްޕަދެކެ އެންމެ ލޯބިވާނީ ވެސް ސޮފޫރާކަމަށް، ތީ ބައްޕަގެ އެންމެ ދޮށީކުއްޖާއެއްނު، ދޮށީކުއްޖާއަކީ ޢާއިލާ ބަލަހައްޓާނޭ ކުއްޖާ، ދަރިފުޅުގެ މަންމަ ކޮންމެ އެއްޗެއް ބުނިކަމުގައި ވިޔަސް ބައްޕަ ދަރިފުޅަށް ވަރަށް އިތުބާރުކުރިން، އެކަމަކު… މިއަދު… މިއަދު ސޮފޫރާތިވަނީ މި ބައްޕަގެ ހިތުގައި ޖައްސާފައި، ދުވަހަކު ވެސް ބައްޕަ ދެރަނުވާވަރަށް މިއަދު ދެރަވެއްޖެ، ދުނިޔޭގެ ހުރިހާ އެންމެން ބައްޕައާ ދިމާލަށް ކޮންމެ އެއްޗެއް ކިޔަސް ބައްޕަގެ ހިތަކަށް އެއްވެސް އެއްޗެއް ނާރާނެ، އެކަމަކު ބައްޕަގެ ދަރިންނޭ ކިޔައިގެން ހުތުރު ގޮތަކަށް “އުފް”ގެ މިންވަރުވެސް މީހެއްގެ ދުލުން ބޭރުވާއަޑު އަހަން ބައްޕައަކަށް ކެތެއްނުވާނެ” ސޮފޫރާގެ ބޮލުގައި ބޯޖައްސާލުމާއިއެކު ޙައިދަރު ބުނެލީ ނުހަނު އަސަރާއިއެކުއެވެ. އެއަޑުއަހާފައި ސޮފޫރާގެ ހިތް ހުއްޓުނު ކަހަލައެވެ. އޭނާ ތެދުވެގެން އައިސް ޙައިދަރުގެ ދެފައިބުޑަށް ތިރިވެ ޙައިދަރުގެ ދެފައިތިލައިގައި ދެއަތުން ހިފާ ނިތްކުރި ގެނެސް ޖައްސާލިއެވެ.

“ދުވަހަކު ވެސް…. ދުވަހަކު ވެސް ބައްޕަ ލަދުގަންނަންޖެހޭވަރު ކަމެއް ދެން ނުކުރާނަން، އަހަންނަށް މާފުކުރޭ ބައްޕާ، މާފުކުރޭ…” ޙައިދަރުގެ ދެފައިތިލަ ސޮފޫރާގެ ކަރުނުނުން ތެމެމުންދިޔައެވެ.

ހިތަށް ކުޅަދާނަ ނުވެގެން ޙައިދަރު ދަރިފުޅުގެ ކޮނޑުގައި ހިފާ ތެދުކުރުމާއިއެކު ގެނެސް އެނދުމަތީ އޭނާގެ ގާތުގައި ބޭންދިއެވެ. ނަމަވެސް ޙައިދަރަށް އެއްޗެއް ބުނާކަށް ނޭނގުނެވެ. ރަށުތެރޭގައި ސޮފޫރާ ބަދުނާމުވެއްޖެކަން މިހާރު ޙައިދަރަށް ޔަގީންވެއެވެ. އެކަން ހުއްޓުވަން އޭނާ ބޭނުންވިޔަސް އެއީ އޭނާއަށް ހުއްޓުވޭނޭކަމެއްނޫނެވެ. ރަށުގައި ސޮފޫރާއަށް ދިރިއުޅެން ވެސް އުނދަގޫވާނެކަން ޙައިދަރަށް އެނގެއެވެ. މީހުން ކިޔާހާ އެއްޗެއް ސޮފޫރާގެ ކަންފަތާ ހަމައަށް އައުމަކީ ޙައިދަރު ބޭނުންވާގޮތެއް ނޫނެވެ. އެކަމަކު އެހެންނުވެއެއްނުދާނެއެވެ. ފެޓްރޯލުގައި އަލިފާން ހިފާ ވަރަށްވުރެ އަވަހަށް މީސްތަކުންގެ މެދުގައި ވާހަކަ ފެތުރޭލެއް އަވަސްވާނެއެވެ. ޙައިދަރު ކަންބޮޑުވާ ކަމަކީ އެއީއެވެ. ސޮފޫރާއަށް ރަނގަޅުވާން ފުރުޞަތު ދޭން އޭނާ ބޭނުންވިޔަސް އެ ދަރިފުޅަށް އެ ފުރުޞަތު މުޖުތަމަޢު ދޭނެކަމާމެދު ޙައިދަރުގެ ޟަމީރު ސުވާލުކުރެއެވެ.

“ސޮފޫރާ، ލަދުވެތި ވާހަކައަކަށް ވިޔަސް، ކަންތައްވީގޮތް ނިކަން ބައްޕައަށް ކިޔާދީބަލަ، ފަހަރެއްގައި ބައްޕައަށް ކަމެއްކޮށްދެވެން އޮތަސް އެނގޭނީ އޭރުން” ވަރަށް ވިސްނާފައި ޙައިދަރު އެހިއެވެ.

އިރުކޮޅަކު އަނގައިން ނުބުނެ އިނދެފައި ސޮފޫރާ އޭނާގެ ބައްޕައަށް ހުރިހާ ކަމެއް ކިޔައިދޭން ފެށިއެވެ. އަދީބުއާ ބައްދަލުވި ގޮތާއި އެ ދެމެދުގައި ގާތް ގުޅުމެއް އުފެދުނު ގޮތެވެ. އަދީބުދެކެ ސޮފޫރާއަށް ލޯބިވެވުނީތީ އޭނާގެ ހުރި އުނި ސިފަތައް ފާހަގަކުރަން ބޭނުންނުވީ ކަމުގައެވެ. ވީޑިއޯކޮށް ސޮފޫރާގެ ފަރާތުން ނާޖާއިޒް ފައިދާތަކެއް ނަގަން އުޅުނީ ވެސް އަދީބުކަމެވެ. އެކަމުގައި ބައިވެރިވީ އަދީބުގެ ރަށްޓެއްހިންކަމާއި އޭނާގެ ނުބައިކަން ވިސްނުނީ މާފަހުން ކަމުގައެވެ. ހުރިހާ ވާހަކައެއް އަޑުއެހުމަށްފަހު ޙައިދަރުގެ ލޭ ކެކިގަތެވެ. އަދީބުއަށް ސަޒާދޭން އޭނާ ބޭނުންވިއެވެ. އެހެންނަމަވެސް އެއީ އޭނާ ހިތަށް އަރާއިރަށް ވާނޭ ކަންކަން ނޫންކަން ޙައިދަރަށް ވިސްނުނެވެ. އޭނާ ސޮފޫރާއަށް ނަޞޭޙަތްދީފައި، ތެދުވެ ނަމާދަށް އެރުމަށް ބުނެފައި އެކޮޓަރިން ނިކުތެވެ. އޭރު އެކޮޓަރިން ދައްކާ ވާހަކަ އަޑުއިވޭހާ ކައިރީ ފާރުގައި ލެނގިލައިގެން ހުރި ލުތުފީ، ޙައިދަރަށް ފެނުނެވެ.

“ނުބައި ފިރިހެނެއްގެ ދަލުގައި ޖެހުމަކީ ސޮފޫރާގެ ކުށެއްނޫން” ފެންކަޅިފައިވާ ދެލޯ ފޮހެލަމުން ލުތުފީ، ޙައިދަރަށް ބުނެލިއެވެ.

“ލުތުފީ، އަހަންނަށް މާފުކުރޭ” ޙައިދަރު ބުނެލިއެވެ.

“ކޮންކަމަކާ” ލުތުފީ ހައިރާންވިއެވެ.

“މިގޭތެރެއިން މިފަދަ ހުތުރުކަން ބޮޑުކަމަކާ ލުތުފީ ކުރިމަތިލާން ޖެހުނީތީ” ޙައިދަރު އޮޅުންފިލުވައިދިނެވެ.

“ތިހެން ނުބުނޭ، އަހަރެން ދުށީ ޙައިދަރުމެންނަކީ ވަރަށް ގާތްބައެއްގެ ގޮތުގައި، ޙައިދަރަކީ އަހަރެން އިތުބާރުކުރާ ރަޙުމަތްތެރިއެއް، މިއަދު ދިމާވެގެން މިއުޅޭ ހިތާމައިގައި އަހަރެން ވެސް ބައިވެރިވާން ބޭނުން” ލުތުފީ ބުނެލިއެވެ.

ދެމީހުން އެކުގައި އައިސް ސޯފާގައި އިށީނެވެ. އޭރު ކުޑަމޭޒުމަތީ ހުރި ދެ ކޮފީތަށި ފިނިވެއްޖެއެވެ. ނަމަވެސް ދެމީހުން ވެސް ކޮފީތަށި ނަގާ ބޯންފެށިއެވެ. ދެމީހުން ވެސް ތިބީ ކޮންމެވެސް ޚިޔާލަކަށް ގެއްލިފައި ތިބިހެންނެވެ. ލުތުފީ ބޭނުންވަނީ ފުރުމުގެ ކުރިން ޙައިދަރުގެ ގާތުން އާތިޤާ އޭނާއާއެކު ފޮނުމުގެ ހުއްދައަށް އެދޭށެވެ. މިވަގުތު އެއީ އެންމެ ރަނގަޅު ގޮތް ކަމުގައި ވެސް ލުތުފީއަށް ޤަބޫލުކުރެވެއެވެ.

“ލުތުފީ، އަހަރެން މި ވިސްނަނީ ޖަމީލުގެ ކައިރިއަށް ގޮސް މި ވާހަކަތައް ކިޔައިދޭން، އަދި އަދީބުއާ ސޮފޫރާގެ ކައިވެނި ކުރުވަންކަމަށް، ނޫނީ އަދީބު އެކުރާކަމެއް ހުއްޓުވަން، ފަހަރެއްގައި އޭނާގެ ޢާއިލާއަށް މިކަންކަން ނޭނގި އޮތުމަކީ ވެދާނެ ގޮތެއް، އެހެންވީމަ ޖަމީލު ބުނަނިކޮށް އަދީބު އެކަން ހުއްޓާލަފާނެއޭ ހިތަށް އަރަނީ” ޙައިދަރުގެ ސިކުނޑީގައިވާ އެއްޗެއް އޭނާ ލުތުފީއަށް ހާމަކުރިއެވެ.

“ހިޔެއްނުވޭ އެ އަދީބު އެއްވެސް ކަމަކަށް އެއްބަސްވާނެ ހެނެއް، އެޔަށްވުރެ މާމަކަރުވެރި މީހެއްހެއްކަން ސޮފޫރާގެ ވާހަކަތަކުން އެނގޭ، ތެދަށް ބުނަންޏާ ރަނގަޅު ފިރިހެނެއްނަމަ އަންހެނަކަށް ދެރައެއްދޭކަށް ނުކެރޭނެ، ރަށުތެރެއަށް ސޮފޫރާ ބޭޒާރެއް ނުކުރާނެ، އެހެންވިޔަސް އަހަރެން ނުބުނާން ޙައިދަރު އޭނާގެ ބައްޕައާ ބައްދަލުނުކުރާށެކޭ، ތިބުނާހެން ފަހަރެއްގައި އޭނާގެ ބައްޕަ އެދުމުން އެ ވީޑިއޯ ލީކުކުރުން ހުއްޓާލަ ފާނެކަންނޭނގެ، އެކަންވިޔަސް އެއީ ކިހާ ބޮޑުވަރު” ލުތުފީ ބުނެލިއެވެ.

“އަހަރެން ދާނަން، ގޮސް އެވާހަކަދެއްކީމަ އެނގިދާނެއެއްނު ބުނާއެއްޗެއް” ޙައިދަރު ގޮތް ނިންމިއެވެ.

“އަހަރެން ފުރަން ޖެހެނީ މިރޭ، އެހެންވީމަ އަދި ވަރަށް ގިނަ ވަގުތު އެބައޮތް، އަހަރެން ވެސް ދާނަން ޙައިދަރާއެކު، ޔަޤީނުން ވެސް ޙައިދަރުގެ ވާހަކައަށް ހެކިވާނެ މީހަކުކަމުގައި އަހަރެން ވާނެ” ލުތުފީ ބުނެލިއެވެ.

ހެނދުނުގެ ސައި ނިންމާލާފައި ކާގެއިން ލުތުފީ ނިކުތުމުން ޙައިދަރު މަޑުކޮށްލީ އާތިޤާއާ ވާހަކަދައްކާލުމަށެވެ. އޭނާ އާތިޤާގެ ގާތުން އެދުނީ ސޮފޫރާދެކެ ރުޅި އައިސްފައި ނުހުރުމަށެވެ. އަދި ޙައިދަރު ގަސްދުކޮށްފައިވާ ގޮތް ވެސް އާތިޤާއަށް ކިޔައިދިނެވެ.

“ދޮންބޭބޭ، އަހަރެން ބޭނުމެއްނޫން ސޮފޫރާ އަދީބުއާ އިންނާކަށް، އަދީބުއަކީ ސޮފޫރާއާ އަޅާބަލާއިރު ކާކު؟ އަދީބު ޖެހޭނީ އެއްބަސްވާން އޭނާ ކުރިކަމެއްކަން މިއީ، އޭނާގެ ދަލުގައި ސޮފޫރާ ޖެހުނީ އަހަރެންގެ ދަރިފުޅުގެ މޮޔަކަމުން، އެހެންޏާ އެހެރީ އޭނާ ހުންނަ ވައްތަރު، ހަރުދަނާ އެއްވެސް ސިފައެއް އޭނާގެ ގަޔަކު ނުޖަހާ، އެކަމަކު ސޮފޫރާގެ ވެސް ކުށެއްނެތެކޭ ނުބުނެވޭނެ، އަހަރެން ބިރުގަނޭ އިތުރަށް މިކަންތައްގަނޑު ގޯސްވެދާނެތީ، ރަށު މީހުން ދޮންބޭބެއާމެދު ދެކޭގޮތް ތަފާތުވެދާނެތީ ވެސް ކަންބޮޑުވޭ، ގޭ ދޮރޯށިން ބޭރަށް ބޯދިއްކޮށްލަން ނުކެރޭވަރުވެދާނެތީ އަބަދު ވިސްނެނީ އެކަމާ” އާތިޤާ ބުނެލިއެވެ. އޭނާ ހާސްވާ ކަންކަމާމެދު ޙައިދަރު ވެސް ވިސްނައެވެ. އޭނާ އާތިޤާއާ އެއްބަސްވީ އަދީބުއާ ސޮފޫރާގެ ކައިވެނި ކުރަން ބާރުނާޅާނެކަމުގައެވެ.

ހެނދުނު ދިހަގަނޑި ބައި އެގާރަޖަހާކަން ހާއިރު ޙައިދަރާއި ލުތުފީއާ ދެމީހުން ނިކުތީ އަދީބުގެ ބައްޕަ ޖަމީލުއާ ބައްދަލުކުރާށެވެ. އެމީހުންނާ ޖަމީލު ބައްދަލުކުރީ ކެފޭއެއްގެ މޭޒު ދޮށުންނެވެ. އެތަނަށް ޙައިދަރާއި ލުތުފީ ވަންތަނާހެން މޭޒެއްގެ ދޮށުގައި ބޮލުގެ ހުރިހާ އިސްތަށްޓެއް ހުދުވެފައި އިން މީހަކު ފެނި އެދިމާލަށް ހިނގައިގަތެވެ.

“އައްސަލާމް އަލައިކުމް” އިށީނުމުގެ ކުރިން ޙައިދަރު ސަލާމަށް އަތްދިއްކޮށްލިއެވެ.

“ވައިލައިކުމުއް ސަލާމް، އިށީނދޭ” ޙައިދަރާއި ޖަމީލު ވާހަކަދެއްކީ އަދަބުވެރިކަމާއެކުއެވެ. އޭނާއަށް ވެސް ޙައިދަރަކީ ރަށުގެ ކިހާ ފެންވަރެއްގެ މީހެއްކަން އެނގެއެވެ.

“ޖަމީލު، ވަރަށް ދެރަވޭ މިފަދަ ވާހަކައެއް ދައްކަން އަންނަން ޖެހުނީމަ، ލަދުވެތި ވާހަކައެއް ނަމަވެސް ދަރިންނަށް ކުރެވޭ ކަންކަން ރަނގަޅުކޮށް އެކުދިން ހެޔޮމަގަށް އަޅުވަންޖެހޭނެ ބަޔަކީ އަހަރުމެން މައިންބަފައިން، އެހެންވެ ޖަމީލުގެ ގާތަށް މިވާހަކައާގެން އަންނަން ޖެހުނީ” ފޯނުން ކޮންމެވެސް ވަރަކަށް ކަންތައްވީގޮތް ކިޔައިދީފައި އޮތުމުން ޖަމީލަށް ޙައިދަރު އެދައްކަނީ ކޮންވާހަކައެއްކަން ފަހުމްވިއެވެ.

“ޙައިދަރު، އަހަންނަށް މާފުކުރޭ، އަދީބު ކަހަލަ ދަރިއަކު އަހަރެންގެ ހުރީތީ މިއަދު މީހަކަށް މޫނުދައްކާލަން ނުކެރޭ، އަހަންނަށް އެނގޭ އަދީބުއަށް ވުރެ އެތައް އަހަރެއް ޙައިދަރުގެ ދަރިފުޅު ހަގުވާނެކަން، އަހަރެން ޤަބޫލުކުރަން އަދީބު އެހެން ހަދާ ފާނެކަން، އޭނާ ގުޅިގެން އުޅެނީ ވެސް ރަނގަޅު ކުދިންނާ ނޫންކަން އަހަންނަށް އެނގޭ، އެކަމަކު ކީއްކުރާނީ، މިހާރު އެހެރީ އަހަރެންނަށް ވެސް ނުހިފޭއްޓޭ ހިސާބަށް ގޮސްފައި، މިކަމުން ސަލާމަތްވާންވެގެން ރިސޯޓު ވަޒީފާއަށް ފޮނުވާލަން ވެސް އެތައް ފަހަރަކު އުޅެފިން” ޖަމީލު އިސްޖަހާލަމުން ބުނެލިއެވެ.

“ރަށުން ނުފެނި ހުރެފައި ކުއްލިއަކަށް ރަށުން ފެންނަންފެށީ ކީއްވެތަ؟، އޭނާ ރަށަށް އައިސްސުރެ އެ އުޅެނީ އަހަރެންގެ މަންޖެގެ ފަހަތުން އަޅައިގަނެގެން، ހިތަކަށްނާރާ މިވަރު ވާނެއެކޭ، ޖަމީލު… އަދީބުއަށް ވިސްނައިދީ އޭނާ އެކުރާ ކަންތައް ހުއްޓުވޭތޯ ބަލަމާ، އެހެންނޫނީ ސޮފޫރާގެ މުޅި ދިރިއުޅުން ހަލާކުވެގެން ހިނގައިދާނެ” ޙައިދަރު ކަންބޮޑުވުން ފާޅުކުރިއެވެ. އެހިނދު ޖަމީލު ބޭރުކޮށްލީ ފުންނޭވާއެކެވެ. އޭނާއަށް ކުރެވޭނޭކަމެއްނެތޭ ބުނާކަހަލައެވެ.

“ރިސޯޓުގައި ހުރެފައި ރަށަށް އައީ ވަޒީފާއިން ކަނޑާލީމަ، ވަޒީފާއިން ވަކިކުރީ ކީއްވެކަން އެނގުނީ ވެސް އަދީބުގެ ފަރާތަކުންނޫން، އަހަރުމެންނަށް ނޭނގި ބީރައްޓެހި ރަށެއްގެ ކުއްޖަކާ ކައިވެނިކޮށް އޭނާއަށް ދަރިއަކު ހުރިކަން ވެސް އެނގުނީ އަދީބުގެ ފަރާތަކުން ނޫން، އޭނާ ހުރި ރިސޯޓުގައި އުޅޭ ކުއްޖަކު އަތުން ނަންބަރު ހޯދައިގެން ރިޝްފާގެ ބައްޕަ، ފަހީމު އަހަންނަށް ގުޅީ އަދީބުގެ ޚަބަރެއް ނުވެގެން، އޭނާ ރިޝްފާ ވަރިކޮށްފައި އެނބުރި ރަށަށް އައީ، މިއަދު ޙައިދަރު ފަދައިން ރިޝްފާގެ ބައްޕަ ވެސް އަހަންނަށް ގުޅާ އަދީބުއަށް ވިސްނައިދޭން ބުނި، އެކަމަކު އަހަރެން ކުރާނީ ކީއް، އޭނާ އުޅޭގޮތުން ހީވޭތަ އެއީ ދަރިއަކު ހުންނަ މީހަކުހެން، ވަޒީފާއިން ކަނޑާލީ ރިޝްފާއާ އިނދެގެން އެ ރަށަށް ގޮސް ޗުއްޓީ ހަމަވި އިރު ވެސް އަލުން ވަޒީފާއަށް ނުނިކުމެގެން، އަތުންފައިން މަސައްކަތެއްނުކޮށް ހުންނާތީ ރިޝްފާގެ މައިންބަފައިން އެއްޗެހި ކިޔާތީއޭ ކިޔާފައި އަދީބު ހެދިގޮތަކީ އަންހެނުން ވަރިކޮށްލާފައި އެނބުރި މިރަށަށް އައީ، މީ އިންސާނުންކަންތައް ކުރާންވާގޮތްތައް، ދެން އަހަންނަށް މި އަޑުއިވުނީ އޭނާއަށް ވުރެ އުމުރުން އެތައްތަނެއް ހަގު ކުއްޖެއްގެ އަބުރާއިއްޒަތައް އަރައިގަނެ ރަށުތެރޭގައި އެކުއްޖާ ބަދުނާމުކުރާން އަދީބު މަސައްކަތްކުރާ ވާހަކަ، ފާފައަކަށް ނުވަންޏާ މިހާރު އޭނާގެ ހަތަރެސްފައި ބިންދާލާހާ އަހަރެން ރުޅި ގަދަވެފައި މިހުންނަނީ، އެކަމަކު ބޮޑުސިންގާ ފިރިހެނަކަށް އަހަންނަށް ކުރެވޭނީ ކޮންކަމެއް، ބުނެފިން މިރަށުން ފުރައިގެން ދާށޭ ވެސް، އެކަމަކު އަހަރުމެންގެ ތައްޕަހުގައި އުޅޭން އޭނާ އެހުންނަނީ ފައިވިއްދާލާފައި، ދަރިއަކަށް ނުވާނަމަ މިހާރު ތަޅާފައި ވިޔަސް މިގެއިން ނެރެ މި ރަށުން ވެސް ބޭރުކޮށްފީމުސް” ޖަމީލުގެ ވާހަކައިން ޙައިދަރަށް އެނގުނީ އަދީބުގެ ސަބަބުން ޖަމީލު ވެސް ހުރީ ގޮތްހުސްވެފައި ކަމެވެ. ނަސޭޙަތެއްދިނަސް އަދީބަކީ ޤަބޫލުކުރާނެ ޒުވާނެއް ނޫންކަމެވެ.

ޖަމީލުގެ ވާހަކަތުން އިތުރަށް ޙައިދަރުގެ ބޯހާސްވުން ނޫންކަމެއް ނުވިއެވެ. އަދީބަކީ ޖަމީލުގެ ދަރިއަކަށް ވިޔަސް އޭނާއަށް ޙައިދަރަށް ކޮށްދެވޭނެ ކަމެއްނެތެވެ. ޚުދު އޭނާ ވެސް އެހުރީ އަދީބުގެ ކިބައިން ސަލާމަތްވާން ބޭނުންވެފައެވެ. ދަރިއެއްކަމަކު ހައްދުފަހަނަ އަޅައި ދިއުމުން ދޫކޮށްލުން ނޫން ގޮތެއް ނޯންނާނެއެވެ. މާޔޫސްވެފައި ހުރެ ޙައިދަރާއި ލުތުފީ ޖަމީލުއާ ސަލާމްކޮށްލާފައި ކެފޭއިން ނިކުމެގެން ހިނގައިގަތީ ގޭދޮށަށް ދިއުމަށެވެ. މަގުމަތިން ދާ ކޮންމެ މީހަކު ބަލާލިޔަސް މިހާރު ޙައިދަރަށް ހީވަނީ އެމީހުން އެބަލަނީ ސޮފޫރާގެ ސަބަބުންކަމުގައެވެ. އެހެންވެ އިސްއުފުލާލައިގެން ހިނގާފައި ދިއުން ދަތިކަމަކަށް އޭނާއަށް ވިއެވެ. އެހުރިހާ މަންޒަރެއް ދެނެގަންނަމުން ދިޔަ ލުތުފީ ތިރީތުންފަތުގައި ދަތްއަޅައިލައިގެން ހުރެ ޙައިދަރާ އެއްވަރަށް ހިނގަމުން އައީ އޭނާގެ ހިތާ ސިކުނޑީގައިވާ އެއްޗެއް ދުލާ ހަމައަށް ގެނައުން މި ހާލަތުގައި ރަނގަޅުކަމަކަށް ވާނޭބާއޭ ހިތާ، އެ ފިކުރުގައި ހުރެއެވެ.

* * * *

ގޭގެ ގޭޓުން ވަދެގެން އައި ޝާރުދާއަށް ފުންނޭވާއެއް ބޭރުކޮށްލެވުނީ އަމިއްލަ ގެއަށް އާދެވުނީތީ ލިބުނު ހިތްހަމަޖެހުމެއްގެ ބޮޑުކަމުންނެވެ. ފާރޫޤު ކައިރީ ފޮށިތައް ކޮޓަރިއަށް ގެންގޮސް ލާން ބުނެފައި ޝާރުދާ ވެސް ހިނގައިގަތީ ގޭތެރެއަށް ވަންނަން ދާށެވެ. ނަމަވެސް އޭގެ ކުރިން އޭނާއަށް ބަލާލެވުނީ ގޭގެ ހުސްބައިގައި އިންދާފައި ހުރި ގަސްތަކަށެވެ. ފެންނަލެއް ތާޒާކަމުން އޭނާ ނެތަސް އެ ގަސްތައް ރަނގަޅަށް ބަލަހައްޓާކަމުގެ ޔަގީންކަން ޝާރުދާއަށް ލިބުމުން އޭނާގެ ތުންފަތުގައި ހިނިތުންވުމެއް ދުވެލިއެވެ.

“މާތައްފެނިފައި އެތެރެއަށް ވަންނަން ހަނދާންނެތުނީތަ” ފަހަތުން އައިސް ޝާރުދާގެ އުނަގަނޑުގައި އަތްޖައްސާލި މަލީކު ބުނެލިއެވެ. އެއާއެކު ޝާރުދާގެ ފަރާތުން އިވިގެން ދިޔައީ ލުއިލުއި ހީނލުމެއްގެ އަޑެވެ. އަދި ނިކަން ލޯބިން ފުރިގެންވީ ފަދަ ގޮތަކަށް މަލީކަށް ބަލާލަފައި އެކުގައި ޕޯޓިކޯއާ ދިމާއަށް ހިނގައިގަތެވެ.

ޔުނިވަރސިޓީ ތެރޭގައި ފަޒަލް އާއި މިލާން އުޅުނީ ނުހަނު އެކުއެކީގައެވެ. މިލާން ހުންނަ ތަނެއްވިއްޔާ އޭނާގެ ހިޔަނިހެން ވިޝާކާ ހުރެއެވެ. ނަމަވެސް ވިޝާކާއަށް އެކަނިވެރިކަން އިހުސާސްކުރެވިފައިވެއެވެ. އޭނާގެ ހިތްވަނީ ރުހައިލުގެ މައްޗަށް ލެނބިފައެވެ. ޚިޔާލުކުރެވެނީ މިލާން އާއި ފަޒަލް އުޅޭހެން، ވިޝާކާ ވެސް ރުހައިލާއެކު އުޅުމަށެވެ. ނަމަވެސް ރުހައިލުގެ ހިތުން ވިޝާކާއަށް ޖާގައެއް ހޯދުމަށް ކުރާންވީ ކޮންކަމެއްކަން ވިޝާކާއަކަށް ނޭނގެއެވެ. ގާތުގައި އިންނައިރު ރުހައިލަށް އޭނާގެ ގާތުގައި މީހަކު އިންކަން ވެސް ފާހަގަނުވާއިރު ދެން އިތުރަށް ވިޝާކާއަށް ކުރެވޭނީ ކޮންކަމެއްހެއްޔެވެ. ބުނާނީ ކީކޭކަމެއް ވެސް އޭނާއަކަށް ނޭނގެއެވެ. އިސްނަގަން ފަސްޖެހެނީ ވެސް ރުހައިލު އޭނާ ލަދުގަންނަވާ ލާފެނެތީއެވެ. ކުރިން ވެސް ރުހައިލު ވަނީ އޭނާއާ ދުރުގައި ހުރުމަށް ވިޝާކާއަށް އަންގާފައެވެ. މިލާންގެ ރަޙުމަތްތެރިއެއް ނޫންނަމަ ރުހައިލު މިހާރު ވާހަކަދައްކާ ވަރަށް ވެސް ވިޝާކާއާ ވާހަކައެއް ނުދައްކާނެއެވެ.

“އައި ހޯޕް ސަމްޑޭ ހީ ރިއަލައިޒް ހައު މަޗް އައި ލަވް ހިމް…” އެންމެނާ އެކަހެރިކޮށް ބެންޗެއްގައި އިށީނދެލައިގެން ގަލަމުން ފޮތުގައި ކުރަހާލަ ކުރަހާލާ އިން ވިޝާކާ ބުނެލިއެވެ. އޭރު ޖެހިގެން ކުރިމަތިން ފެންނަން ހުރި ބެންޗުގައި އިން ރުހައިލަށް ވިޝާކާގެ ނަޒަރު ހުއްޓިފައި ވިއެވެ.

ޔުނިވަރސިޓީ ނިންމާފައި މެންދުރުފަހު ގެއަށް އައި ފަޒަލް އާއި ރުހައިލަށް ބޮޑުކޮޓަރިތެރޭ ތިބި މަލީކު އާއި ޝުއައިބު ފެނުމުން އުފަލުން އެމީހުންނާ ވާހަކަދައްކަން އައެވެ. އަދި ކޮނޑުގައިވާ ދަބަހާއިއެކު ދެ ޒުވާނުން ވެސް ސޯފާގައި އިށީނެވެ. އެތަނަށް އާދެވުނު މެހެނާޒުގެ މޫނު ވެސް އުޖާލާވެގެން ދިޔައެވެ. ދަރިފުޅު ފެނުމުން އޭނާއަށް ވެސް ހިތްހަމަޖެހުމެއް ލިބިގެންދިޔައެވެ. ކިޔެވުން ކިހިނެއްތޯ ޝުއައިބު ސުވާލުކުރުމުން ފަޒަލް ބޮޑުވައި އިނގިލި އަރުވާލަމުން “ބަރާބަރު” ކަމުގައި ބުނެލިއެވެ.

“އަޅުގަނޑަށް ހީވަނީ ފަޒަލް ވަނައެއް ހޯދާނޭހެން” ރުހައިލު އިނދެފައި ބުނެލިއެވެ.

“ތީގެ މާނައަކީ ރުހައިލަށް ވަނައެއް ނުލިބޭނެއޭތަ؟” ކުޑަކޮށް ހިނިއައިސްފައި އިނދެ ޝުއައިބު އަހާލިއެވެ.

“ރުހައިލު ގޭމްކުޅެން ހޭދަކުރާ ވަގުތާ ކައިރިއަށް ވެސް ކިޔެވުމުގައި ވަގުތެއް ހޭދައެއްނުކުރޭ، އެހެންވީމަ ކިހިނެއް ވަނައެއްލިބޭނީ” މަލީކު ބުނެލިއެވެ.

“އަޅުގަނޑު ވެސް ކިޔަވަމޭ ބައްޕާ، އެކަމަކު ރުހައިލު މިފަހަރު ނޭނގެ ހަދާގޮތެއް، އެސައިންމެންޓުތަކުން މުޅި ކުލާހުން އެއްވަނަ އެބަ ހޯދާ، ބުނެފިން ހައި ސްކޯ ހޯދާގޮތެއް ނިކަން އަޅުގަނޑަށް ވެސް ބުނެދީ ބަލާށޭ، އޭރުންތާ އަޅުގަނޑަށް ވެސް ވަނައަކަށް ވާދަކުރެވޭނީ” ރުހައިލު އިނދެފައި ފަޒަލް ނުބުނަން އުޅޭ ވާހަކަ ހާމަކޮށްލިއެވެ. އޭނާ އަހައަހާ ވެސް ފަޒަލްއަށް އެސައިންމެންޓުތަކުން އެހާ މަތި ލިބެންވީ ސަބަބެއް އޭނާ ހާމަނުކުރުމުން ރުހައިލު ވަނީ އެކަމާ ސުވާލު އުފެދިފައެވެ. މީގެ ކުރިން އެގޮތަށް ރުހައިލަށް އެއްވެސް ކަމެއް ފަޒަލް ސިއްރެއް ނުކުރެއެވެ. އެހެންވެ އެއީ ކޮންކަމެއްކަން އޭނާ ހޯދަންވަނީ ބޭނުންވެފައެވެ.

“އެންމެ ފަހުވަގުތު ހަދަން މަޑުކުރީމަ ރަނގަޅު ނަތީޖާއެއް ކިހިނެއް ނިކުންނާނީ، ނޫންތަ ބައްޕާ؟” ފަޒަލް ހަމަޖައްސާލިއެވެ.

ދެޒުވާނުންގެ ބަހުސްގައި މަލީކު އާއި ޝުއައިބު ބައިވެރިއެއްނުވިއެވެ. ޝުއައިބު ދެ ޒުވާނުން އެތަނުން ފޮނުވާލީ ތާޒާވެލައިގެން ކާން ދިއުމަށް ބުނެއެވެ. ގޭތެރެއަށް ވަދެގެން ދިޔަ އަރުފީނަށް ޝުއައިބު ބަލާލިއެވެ. ރުހައިލު އާއި ފަޒަލް ދިއުމުން މަލީކުއާ ޝުއައިބު ސުވާލުކުރީ އަރުފީނާ ގުޅިގެންނެވެ. އެގޭގައި ކިޔަވާކުދިން ބައިތިއްބަނީތޯ ޝުއައިބު ސުވާލުކުރީ އެއީ ދުވަހަކު ވެސް މަލީކު ކޮށްފާނެ ކަމެއްކަމުގައި ޝުއައިބަށް ހީވެފައި ނެތީމައެވެ.

“ޝާރުދާގެ ގޮތް އެނގެއެއްނު، އޭނާ ވަރަށް ބޭނުންވެގެން ކުރިކަމެއް އެއީ” މަލީކު ހިނިތުންވެލި ގޮތުން އެމައުޟޫޢުއަށް އިތުރަށް އޭނާ ވާހަކަދައްކަން ބޭނުންނުވާކަން ޝުއައިބަށް އެނގުނެވެ. އެހެންވެ އިތުރުއެއްޗެއް ނޭހިއެވެ. ނަމަވެސް މެހެނާޒަށް މަޑަކުން ނީނދެވުނެވެ.

“ދައްތަކޮށްފާނެ ކޮންމެފަދަ ކަމެއް ވެސް، ތަނަކުން ގޮތް ނޭނގޭ އަންހެން ކުއްޖަކު ގެނެސް ގޭގައި ބަހައްޓަންވާނެތަ، އަހަރުމެންގެ ތެރޭގައި އުޅެން ވެސް އެނގެނީއެއްނޫން، ހުރި ސިފަ ވެސް ދެކެބަލަ، ބަލާލަން ރީތިނަމަ ވެސް ރަނގަޅެއްނު، އެކަމަކު ދައްތަ އެއުޅެނީ އެއަންހެންކުއްޖާ ނަގާ ބޮލަށްލައިގެން، ބޭބެއަށް ވެސް އެގޮތް ވަރިހަމަ” މެހެނާޒުއާ ދިމާއަށް ޝުއައިބު ބަލައިލީ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައި އިނދެއެވެ.

“ފަޒަލްއާ ވެސް ބައްދަލުވެއްޖެއެއްނު، ހިނގާ ދެން އަރާމުކޮށްލަން” މަލީކު އެއްޗެއް ނުބުނަނީސް އަވަސްއަވަހަށް ޝުއައިބު ބުނެލިއެވެ. އަދި ތެދުވެގެން ހިނގައިގަތުމާއެކު އޭނާގެ ފަހަތުން މެހެނާޒު ވެސް ތެދުވެގެން އައެވެ.

ގެއަށް ވަދެވުމާއެކު ޝުއައިބު އައިގޮތަށް އައިސް އޭނާގެ ކޮޓަރިއަށް ވަނެވެ. އޭނާގެ ފަހަތުން މެހެނާޒު ވެސް ވަނީ ހައިރާންވެފައި ހުރެއެވެ. އެހެންވިޔަސް މެހެނާޒުއަށް ވިސްނާލުމުން ޝުއައިބު ކަމަކާ ހިތްހަމަނުޖެހުނީކަން އެނގުނެވެ. އެހެންވެ ރުއްސަން އުޅެންފެށިއެވެ.

“ނާޒް ގާތު ކިތައްފަހަރު ބުނާނީ ބޭބެމެންގެ ނިންމުންތަކަށް ފާޑުނުކިޔާށޭ، އަހަރެން އެ ސުވާލު ކުރީ އެއީ ކޮންކުއްޖެއްކަން ނޭނގޭތީ، ޝާރުދާ ދައްތައަށް އެކުއްޖާގެ ގޮތް އެނގޭތީ އެގޭގައި ބަހައްޓާފައި އެހުރީ، ބޭބެ ވެސް އެއްބަސްވެލެއްވީ އެހެންވެކަން ޔަޤީން…. އަނގަގަދަ ވުމަކީ އަންހެނުންގެ ސިފަ ކިތަންމެ ރީއްޗަސް އެ ރީތިކަން ހުތުރުކުރާ ކަމެއް” ޝުއައިބު ބުނެލިއެވެ.

“ޝުއައިބު، ކީއްވެތަ އެހާ އަވަސްއަވަހަށް ރުޅި އަންނަނީ، އަހަރެންދެކެ ޝުއައިބު ފޫހިވަނީތަ؟” މެހެނާޒު ކުރި ސުވާލާއެކު ޝުއައިބުގެ މޫނުމަތި ބަދަލުވެގެން ދިޔައެވެ. ކުރިންފެންނަން ހުރި ހިތްހަމަނުޖެހުން ފިލާ ކޮންމެވެސް ވަރެއްގެ ހާސްކަމެއް ފާޅުވެގެންދިޔައެވެ.

“ކަމެއްވާއިރަށް ތިސުވާލުކުރަނީ ކީއްވެތަ؟ މައުޟޫޢު ބަދަލުކޮށްލަންތަ؟” ޝުއައިބު ވެސް ކުރީ ސުވާލެކެވެ. މެހެނާޒު އިތުރަށް ދެބަސްވާން ބޭނުމެއްނުވިއެވެ.

“ސޮރީ، ދެން އެހެނެއްނުވާނެ، ޝުއައިބު ރުޅިއައިސްފައި ހުރީމަ އަހަރެން ވަރަށް ދެރަވޭ، ބުނީމެއްނު އަރާމުކޮށްލާށޭ ބޭނުންވަނީ، އާދޭ ބޯ މޮޑެލަދޭނަން، އޭރުން ހުރިހާ ޓެންޝަންއެއް ފިލައިދާނެ، އެނގޭތަ! ޝުއައިބު ތިއައީ އަހަރެން މޮޔަވާންކައިރިވެފައި ހުއްޓާ، އެހެންނު ވާނީ، ދިޔަގޮތަށް އަންނާކަށް އުޅުނީއެއްނޫންވިއްޔާ، އެކަމަކު މިހާރު މިހިރީ ވަރަށް ހިތްހަމަޖެހިފައި، ރިސޯޓުގައި ހޭދަކުރި ރޭތަކުގައި އަހަރެންގެ ސިކުނޑިއަށް ޚިޔާލެއް ވަދެގެން މިއުޅެނީ” ޝުއައިބުގެ އަތުގައި ހިފައިގެން މެހެނާޒު އައިސް އެނދުގައި އިށީނެވެ. ޝުއައިބު ވެސް ހަމަޖެހިލަމުން ހިނިތުންވެލާފައި މެހެނާޒުގެ އުނގުގައި ބޯއަޅާލަމުން އެނދުގައި ހަށިގަނޑު ދަމާލާފައި ވާހަކަދައްކަން ފެށިއެވެ.

“ފަޒަލް ނޫނީ އަހަރުމެންގެ އިތުރު ކުއްޖަކު ނެތް، އަލުން ކުއްޖަކު ހޯދާ ހިތެއް ޝުއައިބު ނުވޭތަ؟” މެހެނާޒު ބުނިއެއްޗަކުން ޝުއައިބު ދިޔައީ ސިއްސައިގެންނެވެ. އޭނާ ފުންމައިގެން ތެދުވެ މެހެނާޒަށް ބަލާލިއެވެ.

“ކުއްޖެއް ހޯދާށޭ، މިހާރު ކުއްޖެއް ހޯދަން ތަންކޮޅެއް ލަސްވެއްޖެހެން ހިޔެއްނުވޭތަ، އެހެންނޫނަސް މެހެނާޒުގެ ހަށިގަނޑަށް ތިހާ ބަލައިގެން އުޅޭއިރު ބަނޑުބޮޑުވެއްޖެއްޔާ ވާނޭގޮތް އެނގެއެއްނު، ފަޒަލް ލިބިގެން ވެސް މެހެނާޒު އުޅުނީ ކިހިނެއް، އަހަންނަކަށް ނުފެނޭ ދެން އަލުން ކުއްޖެއް ހޯދާކަށް” ޝުއައިބު ދެކޮޅު ހެދިއެވެ.

“އަހަންނަށް އެނގޭ ހަށިގަނޑު މިގޮތަކަށް ނުހުންނާނެކަން، ފަޒަލް ލިބުނު އިރު ހުރިގޮތަކަށް ނޫނެއްނު މިހާރު މިހިރީ، ހަމަ މިގޮތަށް ހަށިގަނޑު ބައްޓަން ކުރެވިދާނެ ދެން އަލުން ކުއްޖަކު ލިބުނަސް” މެހެނާޒަށް ޝުއައިބު ދެއްކި ވާހަކަ ޤަބޫލެއްނުކުރެވުނެވެ. އިތުރަށް މެހެނާޒުއާ ވާހަކަދައްކަން ބޭނުންނުވެގެން ޝުއައިބު ކޮޓަރިން ނިކުތެވެ.

* * * *

އުޒައިރުގެ ކޮޓަރި ސާފުކުރަން އުޅުނު އާތިޤާގެ ގާތަށް ސޮފޫރާ އައިސް ހުއްޓުނެވެ. އާތިޤާ ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ސޮފޫރާ އެއްޗެއް ބުނަން އުޅޭހެން ހީވެ އެއަޑު އަހަން ބޭނުންވެފައެވެ.

“މަންމާ، ދެން ދުވަހަކު ވެސް ބަސްނާހައެއް ނޫޅޭނަން، އަހަންނަށް ކުރެވުނު ކަންތަކަށް މާފަށް އެދެން، މިއަދަށްފަހު ދެން އެކަކު ވެސް މިރަށުގައި ނުދައްކާނެ އަހަރެން އެކުރި ހުތުރު ކަންތަކުގެ ވާހަކައެއް، މަންމަމެން ލަދުގަންނާކަށް ނުޖެހޭނެ… ބައްޕަ ރޯކަށް ވެސް ނުޖައްސާނަން…” ފެންކަޅިވެފައި ހުރެ ސޮފޫރާ ދައްކަމުން ދިޔަ ވާހަކަތައް ހަމަޖެހޭ ހެން އާތިޤާއަށް ހިޔެއްނުވިއެވެ. ނަމަވެސް ދަރިފުޅު ދެއްކި ހުރިހާ ވާހަކައެއް އަޑުއަހަން ހުރެފައި އެ ދަރިފުޅުގެ ގެނެސް ގަޔާ ކައިރިކޮށްލިއެވެ. ދުވަހަކު ވެސް ސޮފޫރާގެ މޫނުމަތި އެހާ ވަރަށް މިލާފައި ހުއްޓާ އާތިޤާ ނުދެކެއެވެ. ރޮއެރޮއެ އެ ރީތި މޫނު ރަތްވެ ދެލޯ ދުޅަވެފައި ހުރިތަން ފެނި އާތިޤާގެ ހިތުގައި މައިވަންތަކަމުގެ ލޯބި އުތުރިގަތެވެ. ދަރިފުޅުގެ ބޮލުގައި ފިރުމަފިރުމާފައި ދުވަހަކު ވެސް މައިންބަފައިންގެ ބަސް ޤަބޫލުނުކޮށް ނޫޅުމަށް އެދުނެވެ. ކުރެވުނު ކަންތަކުން ލިބުނު ފިލާވަޅު ހަނދާންނައްތާ ނުލުމަށް އާތިޤާ އެދުނެވެ.

“މަންމަ ހިތްހަމަޖެހިއްޖެ ސޮފޫރާއަށް ވިސްނުނީތީ، ބުނާ ބަހުގެ އިތުބާރު ހިފަހައްޓަން ވާނެ، އޭރުން ބައްޕަގެ އިތުބާރު ވެސް ދަރިފުޅަށް އަލުން ހޯދޭނެ، ރުއިމުގެ ބަދަލުގައި ހިތްވަރުކޮށްފައި ހުރިހާ ކަމަކާ ކުރިމަތިލާ، އޭރުން ރަނގަޅުވާނެ، ދެން ނުރޮއެ ދޭ އަވަހަށް ސައިބޯން، މަންމަ ހުންނާނެ ސޮފޫރާއަށް ހެދިކާއާ ބިސްކޯދު ނަގައިދީފައި” އާތިޤާ ހިނިތުންވެލަން މަސައްކަތްކުރަމުން ދަރިފުޅުގެ ކޯތާފަތުގައި ފިރުމާލިއެވެ.

ސޮފޫރާ ނިކުމެގެން ދިއުމުން އުޒައިރު އެކޮޓަރިއަށް ވަނެވެ. އަދި ސޮފޫރާ ރޮނީ ކީއްވެތޯ ސުވާލުކުރިއެވެ. އާތީޤާ އުޒައިރަށް ވިސްނައިދޭން މަސައްކަތްކުރިއެވެ. މައިންބަފައިންގެ ބަސްނޭހުމުން ދަރިންނަށް އެއްވެސް ރަނގަޅުކަމެއް މެދުވެރިއެއް ނުވާނެކަމުގައި ބުނެދިނެވެ. އަދި ދަރިންނަށް ދެރަވާނޭ ފަދަ އެއްވެސް ކަމެއް މައިންބަފައިން ނުކުރާނެކަމުގައި ބުނެދިނެވެ. އެއްވެސް ކުއްޖަކު މި ދުނިޔެއަށް ބޭކާރު މީހެއްގެ ގޮތުގައި އުފަން ނުކުރާނެކަން ވެސް ވިސްނައިދިނެވެ. އެހެންވެ ދަރިން ވެސް މައިންބަފައިން ދެކެ ލޯބިވާން ޖެހޭނެކަން އުޒައިރުގެ ޅަ ސިކުނޑިއަށް އާތިޤާ ވިސްނައިދިނެވެ.

“އެކަމަކު އަޅުގަނޑުދެކެ ބައްޕަ ލޯތްބެއް ނުވޭ” އިސްޖަހާލައިގެން އިނދެ އުޒައިރު ބުނެލިއެވެ.

“ހުރިހާ ކުދިންދެކެ ވެސް ބައްޕަ ލޯބިވާނެ، އުޒެއިރު ދެރަވެފައި ހުންނާތީ އުފާކޮށްދޭން ބައްޕަ މިރަށަށް އައީ ވެސް، އުޒައިރު ދެރަވަނީ މަންމަ ނެތީމަތަ؟ އުޒައިރުގެ ބައްޕަ، ދައްތައަށް ކިޔައިދިން އެވާހަކަ” އާތިޤާ ތަންމަތި އަޅާލި އެނދުގައި އިށީނދެ އޭނާގެ ގާތުގައި އުޒައިރު ގެނެސް ބައިންދަމުން ބުނެލިއެވެ.

“ބައްޕަ، މަންމަދެކެ ލޯބިނުވާތީ މަންމަ މަރާލީ” އުޒައިރު ބުނެލި އެއްޗަކުން އާތިޤާ ސިހުނެވެ.

“މަރާލީއޭ ބުނާކަށް ނުވާނެއެއްނު، ބައްޕަ އުޒައިރުމެންދެކެ ވަރަށް ލޯބިވޭ، އެހެންވީމަ އުޒެއިރުގެ މަންމަދެކެ ވެސް ކިހާ ލޯބިވާނެ، ބައްޕަ ވެސް އެހުންނަނީ ވަރަށް ދެރަވެފައި މަންމަނެތީމަ، އަދި އިތުރަށް ދެރަވެޔޭ ބުނި އުޒައިރު ދެރަވެފައި ހުންނާތީ، ބައްޕަ ކިހާ އެކަނިވާނެ މިހާރު، އެހެންވީމަ އުޒައިރު ވެސް ވާނެ ބައްޕައަށް އަޅާލާން، މަންމަ އުޒައިރުމެންނާ ވަކިވެގެން ދިޔައީ ވަރަށް ބޮޑަށް ބަލިވެގެން، ބައެއްފަހަރު ފަރުވާ ދިނަސް ރަނގަޅުނުވާ ބަލިބަލި ހުރޭ، އުޒެއިރު ވެސް ތީ ކިޔަވާ މޮޅުކުއްޖެއްނު، މީހުންނަށް ބަލިޖެހޭކަން އެނގެއެއްނު، އެގޮތަށް ފަސޭހަ ނުކުރެވޭ ބަލި ވެސް ހުރޭ، އުޒެއިރުގެ މަންމައަށް ޖެހުނީ އެކަހަލަ ބައްޔެއް، އެކަމުގަ އުޒައިރުގެ ބައްޕަގެ ކުށަކީ ކޮބާ؟ ދައްތަ ބުނާ ބަސް އުޒައިރު އަހާނަމަ ތިހެން ނޫޅޭ، ބައްޕަދެކެ ހިތްހަމަނުޖެހިފައި ހުންނާކަށް ނުވާނެ، އަހަރުމެން މަރުވާނީ އެނގިފައެއް ނޫން، ބަސްއަހާ ރަނގަޅުކުއްޖެއް އުޒައިރުއަކީ، އެހެންވީމަ ތިގޮތްދޫނުކުރުން ދޫކޮށްލާފައި، ބައްޕައާ ވާހަކަދައްކާ ސުލްހަވެރިކޮށް އުޅެން ދައްތަ ނަޞޭޙަތްތެރިވަން، އަނެއްކާ މިރޭ ތިއުޅެނީ ފުރަންވެގެން، ދެން ދައްތައާ ބައްދަލުވާނެކަމެއް ވެސް ނޭނގެ، އެހެންވިޔަސް ދައްތަ އުންމީދުކުރަން މިދެއްކި ވާހަކަތައް އުޒެއިރު ހަނދާންބަހައްޓާނެކަމަށް” އާތިޤާ ހިނިތުންވެލިއެވެ.

“ދައްތަ އަންނަންވީނު އަޅުގަނޑުމެން ގެއަށް، އަޅުގަނޑުގެ ގެ ވަރަށް ބޮޑުވާނެ، ބައިވަރު ކޮޓަރި ހުންނާނެ” އާތިޤާގެ ގާތްކަން ފެނުމުން އުޒައިރަށް ސިފަވަނީ އޭނާގެ މަންމައެވެ. އެފަދަ ގާތްކަމާއި އޯގާތެރިކަމަކަށް އުޒައިރު ވަނީ ބޭނުންވެފައެވެ. އެހެންވެ އޭނާ ބޭނުންވަނީ އާތިޤާގެ ގާތުގައި ހުންނާށެވެ. އޭނާގެ ކަންކަން އާތިޤާ ކޮށްދޭނެކަން ޔަޤީންވާތީއެވެ. މައެއްގެ ގާތުގައި ހުރެވޭ ކަމުގެ އިހުސާސް އުޒައިރަށް ކުރެވޭނެތީއެވެ.

އުޒައިރުގެ ހުށަހެޅުން އަޑުއިވިފައި އާތިޤާ ހަނދާންވީ ލުތުފީގެ މަތިންނެވެ. ލުތުފީ ވެސް ވަނީ އާތިޤާ ގާތު އޭނާއާއެކު ދިއުމަށް އެދިފައެވެ. އާތިޤާއަށް ބުނާނެ އެއްޗެއް ނޭނގިފައި އިންދާ އަނެއްކާ ވެސް އުޒައިރު ވާހަކަދެއްކިއެވެ.

“ސޮފޫ ދައްތައާ ޙައިދަރު ބޭބެ ވެސް ގޮވައިގެން ދާނީ، އޭރުން އެންމެން އެކީގައި އަޅުގަނޑުމެންގޭގައި އުޅެވޭނެއެއްނު” އުޒައިރު ހިތަށް އެރީ އާތީޤާ އެކަނި ދާން ބޭނުންނުވަނީ ކަމަށެވެ.

“މީ ދައްތަ އުޅެބޮޑުވި ރަށް، މިރަށާ، މިގެ ދޫކޮށްލާފައި ދާން ދައްތައަށް އެހާ ފަސޭހައެއްނުވާނެ، އެކަމަކު ދައްތަ ވިސްނާނަން އިނގޭ، މިހާރު ނުދެވުނަސް އަދި އުޒައިރު ގާތަށް ދައްތަ ދާނަން” އުޒައިރު ދެރަ ނުކުރާންވެގެން އާތިޤާ ބުނެލިއެވެ. އެހެން ބުނެލުމުން ވެސް އުޒައިރުގެ މޫނުމަތިން އޭނާ ހިތްހަމަޖެހިއްޖެކަން އާތިޤާއަށް ފާހަގަކުރެވުނެވެ.

އުޒައިރު އާއިއެކު އޭނާގެ ކޮޓަރިން އާތިޤާ ނިކުތީ ބަދަލުކުރި ބެޑުޝީޓު ހިފައިގެންނެވެ. އެ އެއްޗެހި ގެންގޮސް ދާއެއްޗެހި އަޅާއެއްޗަށް އަޅާލާފައި އާތިޤާ އުޒައިރު ގޮވައިގެން ނިކުތީ ގޯތީގައި ހުރި ފޭރުގަހުން ފޭރު ބިންނާށެވެ. އަދި ގޭގައި ދެންހުރި މޭވާ އަޅާ ގަސްތަކުން ވެސް މޭވާ ބިންނާށެވެ. އުޒައިރު ފުރަންވާއިރަށް ހަދިޔާ ތައްޔާރު ކުރުމުގެ ގޮތުންނެވެ.

އިރުއޮއްސެން ވާއިރަށް އާތިޤާ ފޮށިގަނޑެއް ބަންދުކޮށް ތައްޔާރުކުރިއެވެ. އަދި އޭގައި ޙައިދަރުގެ ނަންޖަހާލީ އެއީ ކާކުދިން އެއްޗެއްކަން ލުތުފީއަށް ވަކިކުރަން ފަސޭހައަކަށެވެ. ލުތުފީއާއެކު ޙައިދަރު ގެއަށް އައީ އިރުއޮއްސުނު ފަހުންނެވެ. އޭރު އެމީހުންގެ އަތުގައި ދެތިން ފޮށިގަނޑު އޮތެވެ. އެއީ އީސަ ދިން އެއްޗިއްސާ ހައިދަރު ދިން އެއްޗެހިކަމުގައި ލުތުފީ ބުނެލިއެވެ. ފެންޑާގައި ހުރިހާ ފޮށިގަނޑުތައް ބަހައްޓާފައި ޙައިދަރާއި ލުތުފީ އައިސް ބޮޑުކޮޓަރީގެ ސޯފާގައި ހަމަޖެހިލިއެވެ. އެހާއިރަށް އާތިޤާ ނިކަން ފިނި ދެ ފެންތަށި ތަބަކުގައި ބަހައްޓައިގެން އައިސް އެމީހުންނަށް ދިއްކޮށްލިއެވެ.

“ކޮބާ ސޮފޫރާ، އަދިވެސް ކޮޓަރީގަތަ؟” ޙައިދަރު އަހާލިއެވެ.

“އަދިވެސް ރޮނީހެން ހީވަނީ، ވަރަށް ނަސޭޙަތްދީފިން ދެން ނުރޯށޭކިޔާ، ސައިބޯން ވެސް ފޮނުވިން، އެކަމަކު ސައިބުއި ހެނެއް ހިޔެއްނުވޭ، ހީވަނީ ސައިނުބޮއެ ތަށިތައް ނަގާފައި އެނބުރި ކޮޓަރިއަށް އައީހެން” އާތިޤާ ބުނެލިއެވެ.

“އެމަންޖެ ގޮވައިގެން އާތިޤާ ނަމާދަށް އަރާ، އަހަރުމެން ވެސް ނަމާދަށް ދާން އިރުކޮޅަކުން ނިކުންނާނީ” ޙައިދަރު ބުނެލިއެވެ.

“އަންނާނަން ކޮބައިތޯ ބަލާލާފައި” އާތިޤާ މިހެން ބުނެ ސޮފޫރާގެ ކޮޓަރިއާ ދިމާއަށް ދިޔައެވެ.

“ސޮފޫރާ…” ސޮފޫރާގެ ކޮޓަރީގެ ދޮރު ހުޅުވާލިއިރަށް އާތިޤާއަށް އަޑުގެ ނެތްކޮޅަށް ހަޅޭލަވައިގަނެވުނީ ބިރުވެރި ގޮތަކަށެވެ. އާތިޤާ ދުވެފައި އައިސް ފަންކާގައި އެލިފައި ހުރި ސޮފޫރާގެ ފައިކޮޅުގައި ބައްދައިގަންނަމުން އޭނާ މައްޗަށް އުފުލާލެވުނެވެ.

ޢާތިޤާގެ ހަޅޭކުގެ އަޑަށް ބޮޑުކޮޓަރީގައި ތިބި ޙައިދަރާއި ލުތުފީ ސިހިފައި ތެދުވެގެން ސޮފޫރާގެ ކޮޓަރިއާ ދިމާއަށް އައެވެ. އެމީހުންނަށް އައިސް ދޮރުމައްޗަށް ހުއްޓެވުނު ވަގުތު ސޮފޫރާގެ ފައިކޮޅުގައި ބައްދައިގަނެގެން ހުރި އާތިޤާ ފެނި މާބޮޑަށް ސިހުންލިބިގެން ދިޔައެވެ. އެވަގުތު މަޑުކުރުމެއްނެތި އާތިޤާއާ ދިމާއަށް ޙައިދަރު ދުއްވައިގަތެވެ. އެމީހުންގެ ފަހަތުން އައިސް އެކޮޓަރި ދޮރުމަތީ ހުއްޓުނު އުޒައިރުގެ މޫނުމަތީ ލުތުފީ ވަގުތުން އަތްއެޅިއެވެ. އަދި ދަރިފުޅު ގޮވައިގެން އެއްފަރާތަށް ޖެހިލާފައި ބޮޑުކޮޓަރީގައި މަޑުކުރުމަށް ބުނެވުނީ އިންތިހާއަށް ހާސްވެފައި ހުރެއެވެ. ކަންބޮޑުވެފައި ހުރި ގޮތަކަށް އުޒައިރު އޭނާގެ ބައްޕައަށް ބަލާލި ނަމަވެސް އެވަގުތަށް ބައްޕަގެ ބަސްޤަބޫލުކުރިއެވެ. އެއާއެކު ލުތުފީ ވެސް އަވަސްވެގަތީ ޙައިދަރާއި އާތިޤާއަށް އެހީވުމަށެވެ.

“އާތިޤާ، މި ބުރިކޮށްލާނެ އެއްޗެއް ހިފައިގެން އާދޭ” ޙައިދަރުގެ މުލައްދަނޑީގެ ބާރުގައި އެލިފައިހުރި ސޮފޫރާ މައްޗަށް ހިއްލާލުމާއިއެކު ލުތުފީ އަވަސްއަވަހަށް ބުނެލިއެވެ. ޙައިދަރުގެ އަތްދަށުން އެއްފަރާތަށްޖެހިލި އާތިޤާ ދުއްވައިގަތީ އޭނާގެ ކޮޓަރިއަށެވެ. ހަމައެހާ ހަލުވިކޮށް ބޮޑު ކަތުރެއް ހިފައިގެން އައިސް ލުތުފީއަށް ދިއްކޮށްލިއެވެ. އެމީހުންނަށް ސޮފޫރާ ތިރިކުރެވުނު އިރު ސޮފޫރާގެ ޚަބަރުވަނީ ހުސްވެއެވެ. ޙައިދަރުގެ އަތުގެތެރެއަށް ސޮއްސާލި ސޮފޫރާ ގެނެސް އެނދުމަތީ ބޭއްވުމާއިއެކު އޭނާ  ސޮފޫރާއަށް ގޮވަންފެށިއެވެ. އާތިޤާ ފެންތަށްޓެއް ގެނެސް ސޮފޫރާގެ މޫނުގައި ފެންފޮދެއް އުނގުޅޭތޯ އުޅުނެވެ. އެވަގުތު ލުތުފީ އަވަސްވެގަތީ ސޮފޫރާ ނޭވާލާތޯ ބެލުމަށެވެ.

“ނޭވާއެއްނުލާ…” ކުއްލިއަކަށް ލުތުފީއަށް ބުނެލެވުނެވެ. ހަމައެހިނދުން އާތިޤާ ރޯންފަށައިފިއެވެ.

“ނޫން… ހިތްއެބަހިނގާ…. އެކަމަކު ވަރަށް އަވަސްވެފައި ހުރީ، ހިނގާ ހޮސްޕިޓަލަށް ގެންދަން” ސޮފޫރާގެ މޭގައި އަތްޖައްސާލި ލުތުފީ ނިކަން އަވަހަށް ބުނެލިއެވެ.

“އަންނާނަން ކާރު ލިބޭތޯ ބަލާފައި” ޙައިދަރު ބުނެލިއެވެ. އަދި އޭނާގެ ފަޓުލޫނު ޖީބުގައި އޮތް ފޯނު ނަގައި މީހަކަށް ގުޅާލުމަށްފަހު ވާހަކަދައްކަން ކޮޓަރީގެ ދޮރުކައިރިއަށް ޖެހިލިއެވެ.

“އާތިޤާ ނުރޮއެ، މިކަހަލަ ވަގުތެއްގައި ހިތްވަރުކުރަންވާނެ” އާތިޤާގެ ކޮނޑުގައި އެއްއަތުން ހިފަހައްޓާލަމުން ލުތުފީ ބުނެލިއެވެ.

“މިހާރު އެ އަންނަނީ” ޙައިދަރު އައިސް އާތިޤާ އާއި ލުތުފީގެ ގާތުގައި ހުއްޓިލަމުން ކާރު އަންނަނީކަމުގައި ބުނެލިއެވެ.

“ސޮފޫރާ ބޭރަށް ނެރެމާ” ލުތުފީ ބުނެލިއެވެ.

ޙައިދަރުގެ ފަރާތުން ޖަވާބެއް ލިބުމާއެކު ސޮފޫރާގެ ބޯކޮޅުގައި ލުތުފީ ހުރެފައި ގުދުވެލަމުން އޭނާގެ ދެކޮނޑުގައި ހިފާ އުފުލާލަން އުޅުނެވެ. އެވަގުތު ކުއްލިއަކަށް ސޮފޫރާ ކެއްސައިގަތީ ކޮށިއަރައިގެން މީހަކު ކެއްސައިގަންނަ ގޮތަށެވެ. ސިހިފައި ލުތުފީއަށް އެނދުގެ މަގަތުގައި އިށީނދެވުނެވެ. އަދި ސޮފޫރާގެ ބުރަކަށީގައި ފިރުމާލަމުން އޭނާ ހަމައަކަށް އެޅުވުމަށް މަސައްކަތްކުރިއެވެ. އޭރު ވެސް އާތިޤާއަށް ރޮވެނީއެވެ. ސޮފޫރާ ކެއްސައިގެންފައި ލޯހުޅުވާލުމުން އޭނާގެ ގައިގާ އާތިޤާ އޮޅުގަނެއްޖެއެވެ.

“އަލްހަމްދުލިއްﷲ…. މަގޭ ދަރިފުޅާ…. މަގޭ ދަރިފުޅާ…” ރޮމުން ސޮފޫރާގެ ގައިގާ ފިރުމަމުން އާތިޤާއަށް ކިޔެނީ އެކައްޗެކެވެ. ޙައިދަރު ހުރީ ހުއްޓުން އަރާފައި ހުރި މީހަކު ހެންނެވެ. ބުނާނެ އެއްޗެއް ވެސް ނޭނގިފައެވެ. އޭނާގެ ދެ ލޯ ވެސް އޭރު ހުރީ ފެންކަޅިވެފައެވެ. ކިރިޔާ ވެސް ހަމަހޭގައި ހުރި މީހަކަށް އެވަގުތު އެތަނުގައި ހުރީ ލުތުފީއެވެ. އޭނާ އާތިޤާ ދުރަށް ލަމުން ސޮފޫރާ ނޭވާލުމަށް ވަގުތުދޭން އެދުނެވެ. އެކަން އާތިޤާ ވަރަށް ފަސޭހައިން ޤަބޫލުކުރިއެވެ. ސޮފޫރާއަށް ހުއްޓިފައި ހުރި ޙައިދަރުގެ ނަޒަރު ވަކިވެގެންދިޔައީ އޭނާގެ އަތުގައި އޮތް ފޯނު “ވައިބްރޭޓް”ވާން ފެށުމުންނެވެ.

“މި ނިކުންނަނީ… ލުތުފީ އެ އައީ ކާރު” ޙައިދަރު ފޯނަށް ޖަވާބުދީފައި ލުތުފީއަށް ބުނެލިއެވެ.

“ސޮފޫރާ، ހިނގާ ހޮސްޕިޓަލަށް” ލުތުފީ މިހެން ބުނުމުން ވެސް އިސްޖަހައިގެން ސޮފޫރާ އިންގޮތަށް އިނީއެވެ. ޙައިދަރު އައިސް ސޮފޫރާގެ އެއްފަރާތުން އަތުގައި ހިފާ އުފުލާލުމުން އޭނާގެ އަނެއްފަރާތުން ލުތުފީ ހިފިއެވެ. މަޑުމަޑުން ދެފައި ތިރިކޮށްލުމާއިއެކު ސޮފޫރާ ތެދުވިއެވެ.

“ނުދާނަން ހޮސްޕިޓަލަކަށް” ކުރެހިފައިވާ އަޑަކުން ސޮފޫރާ މިހެން ބުނެލިއިރު އޭނާގެ އަޑު ނިކުތީ ދަތިގޮތަކަށްކަން ކައިރީގައި ތިބި އެންމެނަށް އެނގުނެވެ.

“ސޮފޫރާ، ތިހެން ނޫޅޭ، ލިބިފައިހުރި ގެއްލުމެއް ވެސް އެނގޭނީ އެމީހުންގެ ގާތަށް ދިޔައީމަ” އާދޭސްކުރާ ފަދަ ގޮތަކަށް އާތިޤާ އައިސް ސޮފޫރާގެ ބުރަކަށީގައި ފިރުމާލަމުން ބުނެލިއެވެ.

“އަހަރެން ބޭނުންވަނީ މަރުވާން…. މި ދުނިޔޭގައި ހުންނާކަށް ބޭނުމެއްނޫން، ދެން އެންމެ ދުވަހަކު ވެސް ހުންނާކަށް ކެތެއްނުވާނެ” ރޮއެރޮއެފައި ސޮފޫރާ ދައްކަންފެށި ވާހަކައަކުން އެންމެންގެ ލޯތަށް ބޮޑުވެގެންދިޔައެވެ.

“ދަރިފުޅާ! ތިހެން ނުކިޔާ…. އަމިއްލައަށް މަރުވުމަކީ ކިހާ ބޮޑު ފާފައެއްކަން ނޭނގޭތަ، ތި ދަރިފުޅު ނަރަކައިގައިވާތަން ދެކެން މި މަންމައަށް ކެތްވާނެތަ؟ ހެޔޮނުވާނެ ދަރިފުޅާ، ތިފަދަ ނުބައި ކަމެއް ކުރުމުގެ ޚިޔާލު ވެސް ނެރެ އެއްލާލާ” އިހުނަށްވުރެ ބޮޑަށް އާތިޤާއަށް ރޮވިއްޖެއެވެ. ދަރިފުޅުގެ ހާލާމެދު ކަންބޮޑުވުމާއެކު އޭނާގެ ހިތުގައި ވެސް ޖެހިއްޖެއެވެ. ދުވަހަކު ވެސް ކުރިމަތިލާން ޖެހުނު ހާލެއްނޫންވީމާ ކަންތައްކުރަންވީ ކިހިނެއްކަމެއް ވެސް އޭނާއަކަށް ނޭނގެއެވެ. ރޮއެރޮއެފައި ދަރިފުޅަށް ހެޔޮ ވިސްނުން ދެއްވާތޯ ހިތާ ހިތުން ވެސް އާތިޤާއަށް ދުޢާކުރެވެން ފެށުނެވެ. ދިމާވިކަމެއްގެ ސަބަބުން ސޮފޫރާއަށް އަސަރުކޮށްފައިވަނީ ވަރަށް ބޮޑަށްކަން އާތިޤާއަށް ވިސްނާލެވުނީ ވެސް އަދިކިރިޔާއެވެ. ދަރިފުޅުގެ އަބުރުގެއްލި ބަދުނާމުވުމުން އެ ދަރިފުޅުގެ ހިތުގައި ހިނގާނޭ އިހުސާސްތައް ދެނެގަންނާނެގޮތެއް ނޭނގުމުން ވީގޮތެއް ކަމުގައި އާތިޤާއަށް ޤަބޫލުކުރެވުނެވެ.

“ޙައިދަރު، އަހަންނަށް ފެންނަނީ މިވަގުތު އިހަށް ސޮފޫރާ ހަމަޖެހެންދެން މަޑުކުރަން، ކަމެއް ގޯސްވަންޏާ ޑަކްޓަރަށް ދައްކަން ދާނީ” ސޮފޫރާގެ ހާލު ވަރަށް ވެސް ގޯސްވެއްޖެކަން ލުތުފީއަށް ނަގައިގަނެވުނެވެ. އެހެންވެ ގަދަކަމުން ސޮފޫރާ ލައްވާ ކަމެއް ކުރުވަން އޭނާ ބޭނުންނުވީއެވެ.

“އާތިޤާ، ސޮފޫރާ ގާތު މިތާ މަޑުކުރޭ، ޙައިދަރު، އަހަންނާއެކު އާދެބަލަ” ސޮފޫރާގެ އަތުން ދޫކޮށްލުމާއެކު ލުތުފީ ބުނެލިއެވެ. އިރުކޮޅަކު ސޮފޫރާއަށް ބަލަހައްޓައިގެން ހުރެފައި ޙައިދަރަށް ހިނގައިގަނެވުނީ ވެސް ލުތުފީ އޭނާގެ ކޮނޑުގައި އަތްޖައްސާލުމުންނެވެ.

“ކިހިނެއް މިވަނީ ލުތުފީ؟ އަހަރެންގެ ޢާއިލާ ނެތިދަނީތަ؟” ޙައިދަރަށް ލިބިފައިހުރި ކުއްލި ސިހުން ފިލައިގެން ނުދާކަން ލުތުފީއަށް އެނގުނީ ޙައިދަރު ކުރި ސުވާލުތަކުންނެވެ.

“އަންހެންކުއްޖަކު މިއަށްވުރެ ބޮޑަށް ބަދުނާމެއްދެން ނުވާނެ، އެހާމެ ލަދުވެތިކަން ބޮޑުގޮތަކަށް ސޮފޫރާ އެވަނީ ބަދުނާމުވެފައި، އޭނާ ޙައިދަރުމެންނާމެދު އެއްގޮތަކަށް ވެސް ނުވިސްނައޭ ހީނުކުރޭ، މިވަގުތު ސޮފޫރާ އެހެރީ ހެޔޮ ވިސްނުމެއްވިސްނޭވަރަށްވުރެ ސިކުނޑި ހާސްވެފައި، އޭނާގެ ސަބަބުން ޙައިދަރުމެންގެ އަގު ވެސް ވެއްޓުނީކަން އޭނާއަށް އެނގޭ، ފިކުރުކޮށްކޮށް އޭނާ އެވަނީ ގޮތްހުސްވެ ބުއްދި ގޯސްވާ ހިސާބުގައި، ނަފުސާނީ ގޮތުން ކުރާ އަސަރުތަކުން އުންމީދުގެއްލި މާޔޫސްވެ ގޮތްހުސްވޭ، އެހިސާބުން އިންސާނާއަށް ކުރެވޭ ނުކުރެވޭ ކަމެއް ވެސް ނޭނގޭނެ…. އެކަމާ ވިސްނަންވާނީ އޭނާގެ ގާތުގައި ދެންތިބި މީހުން، ޙައިދަރާއި އާތިޤާގެ އެއްބާރުލުމާ ލޯބި ސޮފޫރާއަށް މިވަގުތު އެންމެ މުހިއްމީ، ދިރިހުންނަން ހިތްވަރުދީ ކުރެވުނު ކަންތަކަކީ ގޯސްކަމެއްކަމުގައި ވިޔަސް އެކަމާ ކުރިމަތިލާން އޭނާއާއެކު ޙައިދަރުމެން ވެސް އެބަތިބީމުކަން އަންގައިދީ… އެހެންނޫނީ… އެހެންނޫނީ އެ ދަރިފުޅު ނަފުސާނީ ނިކަމެތިކަމެއްގެ ޝިކާރައަކަށްވެ ގެއްލި ހިނގައިދާނެ، އޭރުން އަނބުރާ ގެންނަން އުނދަގޫވާނެ” ލުތުފީ ވިސްނައިދޭން މަސައްކަތްކުރިއެވެ.

ކަންތައް ވީގޮތުން ލުތުފީ ފުރުން ފަސްކުރިއެވެ. އެނބުރި ލޯންޗު ފޮނުވާލުމަށްފަހު ދެ ދުވަހެއް ވަރު ފަހުން އައުމަށް އޭނާ އެންގިއެވެ. އޭރު ދޮށީދަރިފުޅު އުނައިސް ވަނީ އޭނާ މާލެ ނައިސް މަޑުކުރަން ނިންމުމުން އެކަމާ ކުޑަކޮށް ހިތްހަމަނުޖެހިފައެވެ. ހަޤީޤަތުގައި، ވެގެން އުޅޭގޮތް ލުތުފީ، އުނައިސްއަށް ކިޔައިދޭން ބޭނުންނުވާތީ، މަޑުކުރަން ޖެހުނު ސަބަބެއް ދަރިފުޅަށް އޮޅުންފިލުވައި ނުދެވުނީއެވެ. އުނައިސް ހިތްހަމަނުޖެހުނީ އެއްވެސް ސަބަބެއް ނެތި ލުތުފީ މާލެ ނައިސް ލަސްވާތީއެވެ.

އެންމެން ނިދަން ކޮޓަރިއަށް ވަންއިރު އާތިޤާ އޮތީ ސޮފޫރާ ގާތުގައި ބާއްވައިގެން އެނދުގެ މަގަތުގައެވެ. ކިރިޔާ ގޮތަކަށް ސޮފޫރާ ތަޅިލިޔަސް އާތިޤާ ސިހިގެންދެއެވެ. އޭނާއަށް ލޯމަރާ ލެވުނީ ވެސް ސޮފޫރާގެ އެއްއަތުގައި ހިފާލައިގެން އޮވެއެވެ. އޭރު ޙައިދަރު އޭނާގެ ކޮޓަރީގައި ނުނިދިފައި އޮތެވެ. ލޯމެރޭ އިރަށް ސިފަވަނީ ސޮފޫރާ ފަންކާގައި އެލިފައި ހުރި މަންޒަރެވެ. މަޑުމަޑުން ތެދުވެ އެނދުގައި އިށީނދެލައިގެން ދެކަކޫ މަތީ އުޅަންބޮށި ވިއްދާލައިގެން ޙައިދަރު އިނެވެ. ލުތުފީ ދެއްކި ވާހަކަތަކާމެދު އޭނާ ވަރަށް ވިސްނިއެވެ. ރަށުގައި މީހުން ދައްކާ ވާހަކަތައް މަތިން ހިތަށް އެރުމުން ޙައިދަރަށް ދެ ލޯ މަރާ ބާރުކޮށްލެވުނެވެ. ކުއްލިއަކަށް ނިތުގައި ދެއަތުން ހިފަހައްޓާލި ގޮތަށް ޙައިދަރަށް އިސްޖަހާލެވުނެވެ. ސިކުނޑި ހާސްވެގެންގޮސް ޙައިދަރުގެ ދެ ލޯ ކަރުނުން ފުރި ބަންޑުންވާންފެށިއެވެ. އަނބިމީހާއާ ވަކިވި ދުވަހު ނުރޮވޭވަރަށް ޙައިދަރަށް ރޮވުނެވެ. ފުސްވެފައިވާ ދެލޮލުން ދެ އަތްތިލަ ހުޅުވާލަމުން ބަލަންފެށިއެވެ. އެ ދެއަތުން ދަރިފުޅުގެ ފުރާނަނެތް މަސްގަނޑު އުފުލުމަކީ އޭނާއަށް ކެތްވާނޭ ކަމެއްނޫނެވެ. ސޮފޫރާ ސަލާމަތްކުރެވުނީ ހަމަކިރިޔާކަން އޭނާއަށް އެނގެއެވެ. ކުޑަވަގުތުކޮޅެއް ލަސްވިނަމަވެސް އެކުއްޖާ މުޅި އުމުރަށް ނޭވާލުން ހުއްޓާލާނެއެވެ. އެންމެ ފަހަރަކު ވެސް އެ ދެ ލޯ ހުޅުވާނުލީހެވެ. “ބައްޕާ”އޭ ކިޔާ ގޮވާނެ އެއްދަރި ނެތިގެންދިޔައީހެވެ. އެހާ ލޯބިން ގެންގުޅުނު ދަރިއަކަށް މިފަދަ ދެރަގޮތެއް ދިމާވާންވީ ކީއްވެބާއޭ ޙައިދަރުގެ އަމިއްލަ ހިތާ ސުވާލުކުރިއެވެ. ހުރިހާ އުފަލެއް ހޯދައިދީގެން ރަނގަޅު ތަރުބިއްޔަތު ދީގެން ބޮޑުކުރި އިރު މި ދުވަސް ފެންނަންވީ ކީއްވެތޯ ޙައިދަރުގެ ޟަމީރާ ސުވާލުކުރިއެވެ. ނަމަވެސް އެއްވެސް ޖަވާބެއް ނުލިބުނެވެ. ޤަބޫލުކުރަން މަޖުބޫރުވީ ހުރިހާ ވެސް ކަމަކީ ﷲގެ މިންވަރުފުޅުކަމުގައެވެ. ލިބުނު ފިލާވަޅަށް ކެތްތެރިވުން ނޫންގޮތެއް ނެތެވެ. އޮތީ ދަރިފުޅަށް ހިތްވަރުދީ ރަނގަޅުމަގަށް ގެނައުމަށް އެހީތެރިވެދިނުމެވެ.

“ބައްޕާ! ސޮފޫދައްތައަށް ކިހިނެއްތަވީ، އަޅުގަނޑަށް އެނގޭ އެގޮތަށް ފަންކާގައި އެލުނީމާ މަރުވާނޭކަން” ނިދަން އޮތް އުޒައިރު، ލުތުފީއާ ދިމާއަށް އެނބުރިލަމުން އަހާލިއެވެ. ޒަމާންތަކަކަށްފަހު އުޒައިރު އެހާ ގާތްކޮށް “ބައްޕާ”އޭ ކިޔާ ގޮވާލުމުން ލުތުފީއަށް ލިބުނު ހިތްހަމަޖެހުމަށްވުރެ އޭގެ ފަހުން އެ ދަރިފުޅު ކުރި ސުވާލުން ލިބުނު ނުތަނަވަސްކަން އިތުރުވެގެން ދިޔައެވެ.

“ސޮފޫދައްތައަށް ގޯސްކަމެއް ކުރެވުނީމަ އެކަމާ ދެރަވެގެން ކުރެވުނު ކަމެއްއެއީ، އެކަމަކު އެއީ ވަރަށް ގޯސްކަމެއް، އެއްވެސް ކުއްޖަކު ކޮށްގެން ނުވާނޭ ކަމެއް، އުޒައިރު، ދަރިފުޅާ…. އަހަރުމެންނަކީ އިސްލާމުން، އުޅެންވާނީ ﷲ އެންގެވިގޮތަށް، އަމިއްލައަށް މަރުވާ ކުދިން ދާނީ ނަރަކައަށް، ދަރިފުޅަށް އެނގެއެއްނު ބަސްނާހަންޏާ އެ ފަދަ ކުދިންދާ ތަނަކީ ނަރަކަކަން ދޯ، އެ ހުންނަނީ އެއްގޮތަކަށް ވެސް ކޮށްގެން ނުވާނޭކަންކަން، މިއަދު ސޮފޫދައްތަ އެހެން ހެދުމުން ޙައިދަރު ބޭބެއާ އާތިޤާ ދައްތަ ކިހާ ދެރަވެފައި ތިބީ، އާތިޤާދައްތަ ކިހާވަރަކަށް ރުއި، އުޒައިރު ވެސް ބައްޕަދެކެ ހިތްހަމަނުޖެހުނަސް އެކަހަލަ ކަމެއް ނުކުރާތި، ދަރިފުޅުދެކެ ބައްޕަ ވަރަށް ލޯބިވޭ، ދަރިފުޅަށް ކަމެއްވެއްޖެނަމަ ބައްޕައަށް ވެސް ވަރަށް ރޮވޭނެ، ވަރަށް ދެރަވާނެ، މަންމަ ވަކިވެ ދިއުމަށްފަހު މި ބައްޕަގެ ހުރި މީހަކީ ދަރިފުޅާއި ދަރިފުޅުގެ ބޭބެ، ދުވަހަކު ވެސް ހީނުކުރާތި ބައްޕަ ދަރިފުޅުމެންނާ ވަކިވާން ބޭނުންވެޔޭ…” އުޒައިރު ގެނެސް ގަޔާ ކައިރިކޮށްލަމުން ލުތުފީ ބުނެލިއެވެ.

“ބައްޕާ! އަޅުގަނޑު ވާހަކައެއް ބުނެފިއްޔާ ބައްޕަ ރުޅި އަންނާނަންތަ” އިރުކޮޅަކު ވިސްނަން އޮވެފައި އުޒައިރު ބުނެލިއެވެ.

“އަވަހަށް ބުނޭ، ދަރިފުޅު ބައްޕައާ އެހާ މަދުން ވާހަކަދައްކާތީ ބައްޕަ ވަރަށް ދެރަވޭ…. ދަރިފުޅު ދައްކާ ވާހަކަ ބައްޕަ އަބަދުވެސް އަޑުއަހާނަން” ހިނިތުންވެލަމުން ލުތުފީ ބުނެލިއެވެ.

“އަޅުގަނޑުމެންގެ ގެ ވަރަށް ބޮޑެއްނު، ހިނގާ ދައްތައާއި ސޮފޫދައްތަ އަޅުގަނޑުމެންގެއަށް ގެންދަން” ވަރަށް ޖެހިލުންވެފައި އޮވެ ވެސް އުޒައިރު ބުނެލިއެވެ. އެހިނދު ތަފާތު ހިނިތުންވުމެއް ލުތުފީގެ ތުންފަތުގައި ދުވެލިއެވެ.

“ދަރިފުޅު ބޭނުންތަ އެމީހުން އަހަރުމެންގެ ގެއަށް ގެންދަން” ލުތުފީ ޔަޤީންކޮށްލަން ބޭނުންވިއެވެ. އެއާއެކު އުޒައިރު “ހޫން”ލައްވާލަމުން ލުތުފީގެ އަތްމަތީ އޮވެ ބޯހަރަކާތްކޮށްލިއެވެ.

“އާތިޤާ ދައްތަމެން ބޭނުންނުވަންޏާ ކިހިނެއް ގެންދާނީ، އެއްވެސް ކުއްޖަކު ބޭނުންނުވާކަމެއް ގަދަކަމުން ކުރުވާކަށް ނުވާނެއެއްނު، އެހެންވިޔަސް ބައްޕަ ބުނާނަން ޙައިދަރު ބޭބެ ގާތު ބައްޕަ މާލެ ދާއިރު ސޮފޫދައްތަ އާއި ސޮފޫދައްތަގެ މަންމަ ވެސް ބައްޕައާއެކު މާލެ ފޮނުވަން” ލުތުފީ ދަރިފުޅަށް ބަލާލާފައި ހިނިތުންވެލިއެވެ. އުޒައިރުގެ ދެ ލޮލުން އުންމީދުގެ ވިދުވަރެއް ފެނިގެންދިޔައެވެ.

* * * *

ކުދިން ކިޔަވަން ދިއުމުން ޝަރުދާ ނިކުމެ ވިނަގަނޑަށް ފެންދޭން ހަރުކޮށްފައި ހުރި “ސްޕްރިންކްލަރ” ޖައްސާލިއެވެ. އެއާއެކު މައްޗަށް އެރި ފެންތައް ފެތުރިގަނެ ވަށައިގެން ހުރިހާ ހިސާބަކަށް ފެންތިކިތައް ބުރުވަންފެށިއެވެ. އިރުކޮޅަކު އެ މަންޒަރު ބަލަން މަޑުކޮށްލައިގެން ހުރުމަށްފަހު އައިސް ބޮޑުކޮޓަރިތެރެއަށް އޭނާ ވަނެވެ. އޭރު މެގަޒިންނެއް ހުޅުވާލައިގެން ސޯފާގައި މަލީކު އިނެވެ. ޝާރުދާ ފެނުމުން އަތުން އިޝާރާތްކޮށްލާފައި ކައިރިއަށް އައުމަށް މަލީކު އެދުނެވެ.

“މިއަދު އޮފީހަށް ވެސް ނުދަނީތަ؟ ކިހާދުވަހެއްވެއްޖެ އޮފީހުގެ ކަންކަން ބަލާނުލާތާ” ޝާރުދާ އައިސް މަލީކުގެ ގާތުގައި އިށީންނަމުން ބުނެލިއެވެ.

“ދިހައެއް ޖަހާލާކަން ހާއިރު ދާންކަމަށް މި އިންނަނީ، ޝާރުދާ، ވާހަކައެއް ބުނަންވެގެން މި ގޮވާލީ، ދެމީހުން ގޭގައި އެކަނިވެލީމާ މި ވާހަކަ ދައްކާލަން ބޭނުންވެފައި މިހުރީ” މަލީކު މިހެން ބުނެލުމުން ޝާރުދާގެ ސަމާލުކަން ވަގުތުން މަލީކަށް ހުއްޓިގެންދިޔައެވެ. ޝާރުދާ ކުޑަކޮށް މަލީކާ ވީ ފަރާތަށް އެނބުރިލަމުން އޭނާ ބުނަންއުޅޭ އެއްޗަކަށް ޝައުގުވެރިވިއެވެ.

“ރުހައިލްގެ އުފަންދުވަސް އަންނަނީނު، އަހަރެން ހިތަށް އަރަނީ އޭނާއަށް ނޭނގި ކަމެއް ރާވަން، އެކަމަކު އެއަށްވުރެ ކުރިން އިޒުވާނުގެ ކައިވެންޏަށް ލަންޑަނަށް ފުރަން އެބަޖެހޭ….” މަލީކުގެ ވާހަކަ ނުނިމެނީސް ޝާރުދާ ވާހަކަދައްކަން ފެށިއެވެ.

“އެކަމަކު މިފަހަރު ރުހައިލު ގެންދާކަށް އެއްގޮތަކަށް ވެސް ނުފެނޭ، ރިސޯޓަށް ދިއުމުން ވެސް އެކުއްޖާގެ ކިޔެވުމުގެ ބޮޑުބައެއްވަނީ ގެއްލިފައި، ކައިވެނީގެ ހަފްލާ ދިގު ދެމިގެން ދާނީ ކިތައް ދުވަހަށްކަމެއް ވެސް އެނގެނީއެއްނޫން، އެކަމަށްވުރެ މާބޮޑަށް ހިތްބިރުގަނޭ ރުހައިލު ވެސް އިޒުވާނު ނެގިކަހަލަ ފިޔަވަޅެއް ނަގާފާނެތީ، އެކޮޅަށް ގޮސް އުޅުމުގެ ތެރޭގައި އެފަދަ ގުޅުމެއް ފަށައިފިއްޔާޔޯ، މިހާރު އެހުރީ އެ އުމުރަށް އެޅިފައި” ޝާރުދާ ވާހަކަދެއްކީ ކަންބޮޑުވެފައި އިނދެއެވެ.

“ދެންއެކަމް ރުހައިލު ބޭނުންވެއްޖެއްޔާ ނުލައެއް ވެސް ނުދެވޭނެ، އޭނާ ބުނާ އެއްޗަކުން އެނގޭނީ ތިކަމަށް ގޮތެއް ނިންމަން، އެހެންވިޔަސް އަހަރެން ބުނަން މިއުޅޭ ވާހަކަ އަޑުއަހާބަލަ، ހަނދާންވޭތަ ޒާހިރާއި މަރިޔަމްގެ ނައިރާ މަތިން، އެކުއްޖާއާ ރުހައިލުއާ އުމުރުގެ ގޮތުން އެއްވަރެއްނު، ނައިރާ ވެސް ކިޔެވުން ނިމޭނެ ރުހައިލާއެކު، ޒާހިރު ބުނީ، މަރިޔަމް ވިސްނަނީ ނައިރާގެ ކިޔެވުން ނިމުނީމަ މާލެ ބަދަލުވާށޯ، އެމަންޖެ މިގެއަށް އައިސް އުޅުނު އިރު ކިހާ މަޖާ، ކުއްލިއަކަށް ފުރައިގެން ދިޔައީމަ މިގޭތެރެ ވެސް ފަޅުވި…. ޝާރުދާ، ޒާހިރުއާ އޮންނަ ގުޅުން ބަދަހިކޮށްލަން ކަމަށް އަހަރެން މި ވިސްނަނީ” ކުޑަކޮށް ހިނިއައިސްފައި އިން މަލީކުގެ މޫނަށް ޝާރުދާ ބަލާލިއެވެ. އޭނާ ބުނި އެއްޗަކާމެދު ޝާރުދާ ވިސްނާލަން އިރުކޮޅެއް ނެގިއެވެ. އެއާއެކު ގިނައިރެއްނުވެ ޝާރުދާގެ ތުންފަތް ވެސް ދެކޮޅަށް ދެމިގެންދިޔައީ މާނަފުން ހިނިތުންވުމަކުންނެވެ.

“ވަރަށް ރަނގަޅު ޚިޔާލެއް، ރުހައިލުގެ އުފަންދުވަހަށް މަރިޔަމްމެންނަށް އާދެވޭނެތަ؟ އެކަމަކު އޭރު އަދި ރުހައިލު ކިޔަވާ ނިމެން ވެސް ދެމަހެއްވަރު އޮންނާނެ، އެހެންވީމަ ހިޔެއްނުވޭ ދޯ އެމީހުންނަށް އާދެވޭނެހެން” ޝާރުދާ ވަރަށް ގަޔާވެ އިނދެ ބުނެލިއެވެ.

“ނައިރާ އައީމަ ގޭތެރޭގެ މަޙައުލު ބަދަލުވެދާނެ، ރުހައިލުގެ އެހުންނަ ޅަގޮތް ވެސް ކެނޑިދާނެ، ކުރިން ވެސް އެ ދެ ކުދިން ކިހާ ގުޅޭ، އަބަދުވެސް ފެންނާނީ ނައިރާއަށް ކޮންމެވެސް ކަމަކު އެހީވާން ރުހައިލު އުޅޭތަން، އަންހެންކުއްޖެއްގެ ފަހަތުން ރުހައިލު އުޅެނިކޮށް ފެނުނު ފުރަތަމަ ފަހަރު އެއީ، ޒާހިރުއާ އަދި ބައްދަލުކޮށްލާ ޚިޔާލުބަދަލުކޮށްލާނަން… އޭނާގެ ވެސް ހުންނާނި އަހަރުމެންގެ މިހުރި ކަހަލަ ޚިޔާލެއްހެން ހީވަނީ، އަނެއްކާ ދުރުމީހެއް ވެސް ނޫންތާ އެއީ” މަލީކު އިނީ ހިތުގައި އޮތް އެއްޗެއް ހަޔާތުގެ ބައިވެރިޔާއާ ޙިއްޞާކޮށްލެވުނީތީ ވަރަށް ބޮޑަށް ހިތްހަމަޖެހިފައެވެ. އެންމެބޮޑަށް ހިތަށް ފިނިކަމެއް ލިބިގެންދިޔައީ އޭނާގެ ޚިޔާލާ އަނބިމީހާގެ ޚިޔާލާ އެއްގޮތްވީމައެވެ. ދެމަފިރިންގެ ދިރިއުޅުމުގައި ބައެއްފަހަރު ޚިޔާލު އެއްގޮތްވުމަކީ ވެސް ދިރިއުޅުން ކާމިޔާބުވާ ކަމެކެވެ. ކައިވެނީގެ ގޮށް ދޫނުވެ ގިނަ ދުވަހަށް ހިފެހެއްޓިފައި ހުރުމަށް މަގުފަހި ކުރުވާކަމެކެވެ.

“އަހަރެންގެ ހިތްވެސް ބުނޭ އޭރުން އަހަރުމެންގެ ރުހައިލުގެ ފަރާތުން ހަރުދަނާގޮތް ފެނިގެން ހިނގައިދާނޭ” ޝާރުދާ ކުޑަކޮށް ހީނލާފައި ބުނެލިއެވެ.

“ދައްތާ! ގުދަން ހުޅުވަން މިއަދުޖެހޭ، ފުށާ، ހަނޑޫ އަޅާފައި ހުރި ކޮންޓެއިނާވަނީ ހުސްވާން ކައިރިވެފައި، ފިޔާ ވެސް ނެރެންޖެހޭ” ޝާރުދާއަށް ގޮވާލި ވަރުޝާ ބުނެލިއެވެ. އެއާއެކު ދެމަފިރިންގެ ވާހަކަ ހުއްޓާލިއެވެ.

“މެންދުރަށް ވާވަރަށް ހުރިއްޔާ ހަވީރު އެކަންކޮށްލަންވީނު، އެތަނުގެ ދޮރުހުޅުވަން ބުނަންޖެހޭނީ ފާރޫޤު ގާތުގައި، އޭނާ ގޭގެ މަޑުވާނީ މެންދުރުފަހުއެއްނު” ވަރުޝާއާއެކު ދާން ތެދުވަމުން ދިއުމުގެ އިޝާރާތެއްގެ ގޮތުގައި ޝާރުދާ، މަލީކުގެ ފައިގާ އަތްޖައްސާލިއެވެ. އަދި ތެދުވެގެން ވަރުޝާއާ ވާހަކަދައްކަމުން ބަދިގެ ފަރާތަށް ގޮސް ވަނެވެ.

ގޭތެރޭގެ ކަންތައްތައް އިންތިޒާމުކުރުމުގައި ޝާރުދާ އުޅެމުންދިޔައިރު އޭނާގެ ތުންފަތަށް ވެރިވެފައިވާ ހިނިތުންވުން ފިލާނުދެއެވެ. އެ ހިނިތުންވުމުގައި ފޮރުވިފައިވަނީ މަލީކު ދެއްކި ވާހަކަތަކެވެ. ރުހައިލަށް އޭނާގެ ޒަމާންވި އެކުވެރިޔާ ނައިރާ އެނބުރި އަންނަން އުޅޭކަން އެނގުމުން ވާނޭ ގޮތަކާމެދު ޝާރުދާއަށް ޚިޔާލުކުރެވެމުންދިޔައެވެ. އަދި މާޒީގެ ސޮފުހާތަކުން ފާހަގަކޮށްލެވޭ މަންޒަރުތައް ހިތާއި ސިކުނޑީގައި ކުރަހަމުންދިޔައިރު ނޭނގި ނަމަވެސް ޝާރުދާއަށް އެކަނި ހުރެ ހީނލެވެއެވެ.

“ދައްތާ! ކޯނޗެއް މިއަދު ހަދަނީ؟” ގޭގެ ބިއްދޮށްފަރާތުން ބަދިގެއަށް ވަދެވެގެން ހުރި ދޮރުމަތީ މެހެނާޒު މަޑުކޮށްލަމުން އަހާލިއެވެ.

“ސެލެޑްއެއް ހަދަންކަމަށް މިއުޅެނީ، ލައިންކާނެ އެއްޗަކަށް، ހިކިކޮށް ދެވައްތަރެއް ހަދަން ވެސް ވަރުޝާ ގާތު ބުނެގެން މިއުޅެނީ، އަންނަންވީނު މެންދުރުކާން” ހިތްހެޔޮކަމާއެކު ޝާރުދާ ބުނެލިއެވެ.

“ހުކުރު ދުވަސް ނޫނީ ޝުއައިބު ބޭނުންވާނީ ގޭގައި ކާން، ވަރަށް ޝަކުވާ ކުރާނެ ފަޒަލް ނުހުންނާތީ، މަވެސް މިއައީ ޝީލާ ގާތު ގެރިރިހަ ކޮޅެއް ކައްކަން ބުނެފައި، ކެކުނީމަ މިގެއަށް ގެންނާނަން” މެހެނާޒު އައިސް ޝާރުދާ ސަޓަނި ހަދަން އެއްޗެހި ކޮށަން އިން މޭޒުގެ ދޮށުގައި އިށީނެވެ.

މެހެނާޒަށް ހަމަޖެހިލެވުމާއެކު ފެށީ އިޒުވާނުގެ ކައިވެނީގެ ވާހަކައެވެ. ލަންޑަނަށް ފުރަންވީ ތާރީޚު ޔަޤީންވެއްޖެތޯ އޭނާ އޮޅުން ފިލުވިއެވެ. އަދި ޝެރީލްގެ ޢާއިލާ މީހުންގެ ވާހަކަ ދައްކަން ފެށިއެވެ. މެހެނާޒުގެ ވާހަކަތައް ހުރި ގޮތުން އޭނާއަށް އިޒުވާނު ކުރަން އުޅޭ ކައިވެންޏަކީ ނަސީބުވެރިންނަށް ނޫނީ ނުކުރެވޭނޭ ފަދަ ކައިވެންޏެކެވެ. އޭނާގެ ދަރިފުޅު ފަޒަލްއަށް ވެސް މެހެނާޒު އެދެނީ ޝެރީލް ފަދަ އަންހެން ކުއްޖަކު ހަޔާތުގެ ބައިވެރިއަކަށް ލިބުމެވެ. ދުނިޔޭގެ ހުރިހާ އުފަލާ ހިތްހަމަޖެހުމެއް އޭރުން ފަޒަލްއަށް ލިބޭނޭ ކަމުގައި މެހެނާޒު ޤަބޫލުކުރެއެވެ.

* * * *

ފަޒަލް އާއި މިލާން ކިޔަވަމުން ދަނީ ދެ ދާއިރާއަކުން ކަމުގައި ވާތީ ދެ މީހުން ކިޔަވަން ދާންޖެހޭ އިމާރާތް ވެސް ތަފާތެވެ. އެހެންނަމަވެސް އެ ދެ މީހުން ކުލާހުގައިވާ ވަގުތުތަކުގައި ވެސް ގުޅުވައިދޭ ވަސީލަތަކީ އަތުގައި އޮންނަ ފޯނެވެ. ކިޔަވަން ކުލާހުގައި ތިބެ ވެސް އިރުއިރުކޮޅާ ކޮންމެވެސް ލޯބީގެ މެސެޖެއް ފަޒަލް ފޮނުވާލައެވެ. އެ މެސެޖުތަކަށް ޖަވާބުދޭން މިލާން އިންނަނީ ހުޝިޔާރުވެއެވެ.

ފަޒަލްގެ ކައިރީ އިނދެ އޭނާ ކުރާ ކަމަކަށް ދެތިން ފަހަރަށް ރުހައިލު ބަލާލިއެވެ. އަދި ކިޔަވައިދޭން ހުރި ލެކްޗަރަރ އެމީހުންނަށް ފުރަގަސް ދިން ވަގުތު ފަޒަލްގެ ފުއްކިބައިގައި ޖެހިއެވެ. ކުލާހަށް ވަނީއްސުރެން ފަޒަލް ފޯނު އަތަށް ލައިގެން އިންނާތީ އެކަމާ ރުހައިލަށް އުނދަގޫވީއެވެ.

“ތީ ދެން ބޮޑުވަރު، ކަލޭމެން ދެމީހުން ފޫއްސެއް ވެސް ނުވޭތަ؟ މިހާރު ދެގަޑިއިރު ވަނީ ހުއްޓާނުލާ ތިހެން ފޯނުން ވާހަކަދައްކާތާ؟ އަދިވެސް ތި ބުނަން އުޅޭ އެއްޗެއް ބުނޭގޮތެއް ނުވޭތަ؟ …..ސަރ އައިސް ފޯނު އަތުލީމާ ދޯ ފިލާވަޅަށް ސަމާލުކަން ދޭނީ” ސިއްރުސިއްރުން ރުހައިލު ވާހަކަދެއްކިއެވެ.

“ތަދުވެއްޖެޔޭ…. ކިރިޔާއެއްނު މި ފޯނު ނުވެއްޓުނީ…” ފަޒަލް އިތުރަށް އެއްޗެއް ބުނަންވާއިރަށް ލެކްޗަރަރ އޭނާގެ ނަމުން ގޮވާލާފައި ސުވާލެއް ކުރިއެވެ. އެއާއެކު އަވަހަށް ފަޓުލޫނުގެ ޖީބަށް ފޯނު ލައިފައި ހުރިހާ ކުދިންނަށް ބަލާލަމުން އަޅުވާފައި ހުރި އިސްކުރީނަށް ބަލަން ފެށީ އޭގައި އޮތް އެއްޗެއް ދެނެގަތުމަށެވެ. އޭރު ނޯޓު ނަގަން ގެންގުޅުނު ފޮތުގައި އެއްޗެއް ލިޔާކަމަށް ހެދިގެން ރުހައިލު އިނީ ލާނެތް ހިންޏެއް އައިސްފައެވެ.

ބްރޭކް ގަޑި ލިބިގެން ހުރިހާ ކުދިންތައް ކުލާސްތަކުން ނިކުންނަން ފެށުމުން ރުހައިލު އާއި ފަޒަލް ވެސް ނިކުތީ ޔުނިވަރސިޓީ ގޯތިތެރެއަށެވެ. ފަޒަލް ރުހައިލުގެ އަތުގައި އޮތް ފޮތް އަތުލަމުން އޭނާގެ ކޮނޑުގައި ފޮތުން ޖެހިއެވެ. އަދި އެއީ ކުލާހުގައި އޭނަށް ކުރިމަތިލާން ޖެހުނު ލަދުވެތިކަމުގެ ބަދަލުކަމުގައި ބުންޏެވެ.

“އެހެރި އަންނަނީ ދޫނިކޮޅު” ފަޒަލްގެ މެސެޖަކުން ފެނުނު ތަންކޮޅެއް ކިޔާލަމުން ރުހައިލު ދިމާކޮށްލިއެވެ. އޭނާ ހުންނަ ގޮތުން އެކަކަށް ވެސް އެއީ ސަމާސާ ކުރާ ޒުވާނެއްކަން ދެނެގަންނަން ފަސޭހައެއްނުވާނެއެވެ. ނަމަވެސް އޭނާއާ ގާތްވި ވަރަކަށް ރުހައިލަކީ ސަމާސާކުރުމުގައި ނިކަން ވަރު ހުންނަ ޒުވާނެއްކަން އޭނާގެ ގާތް ރައްޓެހިންނަށް އެނގެއެވެ.

“ރުހައިލު ވެސް ކުއްޖެއްދެކެ ލޯބިވީމަ އެނގޭނީ، އޭރުން އެނގޭނެ ލޯބިވާ މީހަކާ ދުރުގައި ހުރުމަކީ ކިހާ އުނދަގޫކަމެއްކަން، އަބަދުވެސް ހިތް އެދޭނީ އޭނާގެ ގާތުގައި ހުރުމަށް، އެ މޫނަށް ގެއްލިފައި ހުންނަން…. އެ ދެއަތުގައި ހިފާލައިގެން އުޅެން…” ދީވާނާ ވެފައި ހުރި މީހަކު ފަދައިން ފަޒަލް ބުނަމުންދިޔައެވެ. އޭނާގެ ޚިޔާލުގެ ތެރެއިން ނިކުމެވުނީ ރުހައިލު އޭނާގެ ކޮނޑަށް އަތްވައްޓާލުމުންނެވެ.

“ލޯބި… އަހަރެން…. ތީ ހީވާގޮތް، އަހަރެން ނުދެކެން ލޯތްބަކީ އެހާ މުހިއްމު އެއްޗެއް ކަމަކަށް” ރުހައިލު ބުނެލިއެވެ. އިތުރަށް އޭނާއާ ޖަދަލުކުރާކަށް ފަޒަލް ބޭނުމެއްނުވިއެވެ. އޭނާ އަވަސްވެގަތީ ބެންޗުގައި އިށީން މިލާންގެ ގާތުގައި އައިސް އިށީނުމަށެވެ. އެމީހުންނާ އެއް ބެންޗެއްގާ ވިޝާކާ އިށީނުމުން ރުހައިލު އެ ހިސާބުގައި ތިބި ފިރިހެން ގުރޫޕުގައި އިން ކުއްޖަކަށް ގޮވާލާފައި އަވަހަށް އެ ދިމާލަށް ހިނގައިގަތެވެ.

* * * *

ގޭޓުން ވަދެގެން އައިރު އަރުފީނު ހުރީ އެންމެ ކުރީގައެވެ. އޭނާގެ ފަހަތުން ވަދެގެން އައި ރުހައިލު ސިއްރުސިއްރުން އައިސް އަރުފީނުގެ ކަންފަތް ބުޑުގައި ހަޅޭލަވައިގަތެވެ. އެއާއެކު ސިއްސައިގެން ދިޔަ އަރުފީނު ވެސް ހަޅޭލަވައިގަތެވެ. އަދި ދެއަތުން ރުހައިލު ދުރަށް ކޮށްޕާލިއެވެ. ތޫލި އަޑަކުން ނުރުހުން ފާޅުކޮށްލާފައި ކުރިއަށް ބަލާލިއިރު ޕޯޓިކޯގައި ފަޓުލޫނު ޖީބަށް އަތްޖަހާލައިގެން ހުރި މަލީކު ފެނި އަރުފީނު ގަޑުވިއެވެ. ފަޒަލް އާއި ރުހައިލަށް ވެސް މަލީކު ފެނުނީ ދެނެވެ. ތިންމީހުން އެއްކޮށް ހިމޭންވިއެވެ. އަދި އިސްޖަހާލައިގެން ތިބެ އައިސް މަލީކު ކައިރިންލާފައި ގޮސް ބޮޑުކޮޓަރިތެރެއަށް ވަނެވެ. ތިންމީހުން ގޭޓުން ވަދެގެން އައިއިރު ވެސް މަލީކު ހުރި ބަލާށެވެ. އޭނާއަށް ރުހައިލު ކުރި ސަމާސާ ފާހަގަކުރެވުނެވެ. ހިތުގައި އުނދަގޫ އިހުސާސްތަކެއް އުފެދިގެން ދިޔަ ނަމަވެސް އޭނާ އެކަން އެއްވެސް ކަމަކަށް ހަދަން ބޭނުމެއްނުވިއެވެ. އެހެންވެ ފުންނޭވާއެއް ބޭރު ކޮށްލާފައި ގޭޓާ ދިމާލަށް ހިނގައިގަތެވެ.

ފެންވަރައި ނަމާދުކޮށްލައިގެން އަރުފީނު އައިސް ކާކޮޓަރިއަށް ވަނެވެ. އޭރު ފާރޫޤު އާއި ވަރުޝާ ބަދިގެ ތެރޭ ވަރަށް ބުރަކޮށް އުޅޭ އަޑުފަށްގަނޑު އިވިގެން އެ ދިމާލަށް ދިޔައެވެ. ކުރިން އެތަނުގައި ހުރިކަން ފާހަގަ ނުކުރެވޭ ދޮރުފަތެއް ފާރޫޤު ހުޅުވައިގެން އުޅޭތަން ފެނުމުން އެއީ ކޮންތަނެއްތޯ ބެލުމަށް އަރުފީނު ޝައުގުވެރިވިއެވެ.

“ވަރުޝާ ތީ ކޮންތަނެއް، މިގޭގައި ބިންގަރާސްއެއް ހުރޭތަ؟” ބަދިގޭ މެދުގައި ހުރަސްކޮށް ހުރި ކަބަޑުތަކުގެ މަތީ އަތްއަޅުވާލަމުން އަރުފީނު އަހާލިއެވެ.

“މީ ގުދަން، ދުވަސްދުވަސްކޮޅުން މިތަން ހުޅުވަންޖެހޭނެއެއްނު، ކާއެއްޗެހި ނެރެވޭނީ އޭރުންނު” އަރުފީނަށް ބަލާލާފައި ހިނިތުންވެލި ވަރުޝާ ބުނެލިއެވެ.

ބަދިގެއަށް ވަންނަން އައި ރުހައިލަށް މި މަންޒަރު ފެނުނެވެ. އަރުފީނު ބޯ އަރިކޮށްކޮށްފައި ފާރޫޤު ކުރާކަމެއް ބަލަން އޭނާ ހުއްޓެވެ. އަދި ނިކަން ހާލުން އެއްޗެހިތައް ނެރިފައި ގުދަނުގެ ދޮރު ލައްޕާލި ވަގުތު އެ ދޮރުގެ ބޯމިން ފެނިގައި އަރުފީނު ހައިރާންވިއެވެ. އެހާ ބޯދޮރެއް އޭނާގެ އުމުރުގައި ވެސް ނުދެކެއެވެ. ފާރޫޤާ އެކަމާ ސުވާލުކުރުމުން އަރުފީނަށް އޮޅުންފިލުވައިދިނެވެ. އެމީހުން ވާހަކަ އަޑުއަހަން ބަދިގޭ ދޮރުކަނީގައި ލެނގިލައިގެން ރުހައިލު ހުއްޓެވެ. ލޯ ހިމަކޮށްލައިގެން ބަލަން ހުރި ގޮތުން އޭނާގެ ސިކުނޑީގައި ކޮންމެވެސް ޚިޔާލެއް ދައުރުވަމުން ދަނީކަން ގައިމެވެ.

“ރުހައިލު، ކާން ހަދަންވީ ދޯ” ބައެއް އެއްޗެހި އެއްފަރާތްކޮށްލާފައި ހިންދެމިލި ވަގުތު ރުހައިލު ފެނިގެން ވަރުޝާ ބުނެލިއެވެ. އެއާއެކު އަރުފީނު ވެސް ފަހަތަށް އެނބުރިލާފައި ރުހައިލު ފެނުމުން ތުންއަނބުރާލިއެވެ. ވަރުޝާ ދެ ޒުވާނުންނަށް ކާމޭޒުމަތި ތައްޔާރުކޮށްފައި އެނބުރި ބަދިގެ ތެރެއަށް އައެވެ. މޭޒުގެ ދެފަރާތުން ރުހައިލު އާއި އަރުފީނު ކާންތިއްބެވެ. އަރުފީނު އިނީ މޫނު ހަދައިގެންނެވެ. ނަމަވެސް ރުހައިލު އިނީ ލާނެތް ހިންޏެއް އައިސްފައެވެ.

ރޭގަނޑު ނުވައެއް ޖަހަން އުޅެނިކޮށް ފަޒަލް އައިސް އަރުފީނުގެ ކޮޓަރީގައި ޓަކިޖެހިއެވެ. ބޭރަށް ބޯދިއްކޮށްލި އަރުފީނަށް ފަޒަލް ފެނުމުން ހައިރާންވިއެވެ. މިލާންއާ ފަޒަލްގެ ގުޅުން އެނގުނުފަހުން އޭނާގެ ގާތަށް ފަޒަލް އައީ މީ ފުރަތަމަ ފަހަރެވެ. ސުވާލުކޮށްލަން އަނގަހުޅުވާލި ތަނާހެން ފަޒަލް އޭނާގެ އަތުގައި އޮތް ކަރުދާސްތައް އަރުފީނަށް ދިއްކޮށްލިއެވެ.

“ޕްލީޒް… ޕްލީޒް… ޕްލީޒް… މިފަހަރު އެކަނި… ނެކްސްޓް ވީކްގަ ޑިއު” ފަޒަލް އާދޭސްކޮށްގަތެވެ. އަރުފީނަށް ބުނާނެ އެއްޗެއް ނޭނގިފައި ހުއްޓާ ފަޒަލްގެ އަތުގައި އޮތް ކަރުދާސްތައް އަރުފީނުގެ އަތަށް ލާދިނެވެ. އަދި ހިނިތުންވެލަމުން އަރުފީނުގެ ކޮލުގައި ކޮއްޓާލާފައި އޭނާ އެނބުރި ހިނގައްޖެއެވެ.

“އަހަރެން ކުރަން ވެސް ހާދަ ބައިވަރު މަސައްކަތެއް އެބަހުއްޓޭ” ކޮޓަރިތެރެއަށް ވަދެގެން އައިސް އަރުފީނު މަސައްކަތްކުރާ މޭޒު ކައިރީ އިށީންނަމުން އޭނާއަށް ބުނެލެވުނެވެ.

މޭޒުމަތީ ކަރުދާސްތައް އަތުރާލައިގެން އެއަށް ހަދަންވީ ގޮތެއް ވިސްނަން އަރުފީނު އިނެވެ. ގަޑިން ވީއިރެއް ވެސް އޭނާއަށް އެނގުނީ ކޮޓަރި ދޮރުގައި މީހަކު ޓަކި ޖެހުމުންނެވެ. މޭޒުމަތީ އޮތް ފޯނު ބަލާލާފައި އެ ހިފައިގެން އައިސް ދޮރުހުޅުވާލިއެވެ. ގަޑިން ދިހައެއް ޖަހަން އުޅޭތީވެ އެގަޑީގައި އަންނާނީ ޝާރުދާ ކަމަށް އަރުފީނު ހީކުރިއެވެ.

“ކަލޭ ކީއްކުރަން ތިއައި” ދޮރުހުޅުވާލުމާއިއެކު އަރުފީނުގެ މޫޑު ހަރާބުވިއެވެ.

“ފަޒަލް ގެނައި އެއްޗެއް މަށަށް ދައްކާ” އަތުން ކޮއްޕާލަމުން އަރުފީނުގެ ކޮޓަރީ ދޮރުފަތް އެއްކޮށް ހުޅުވާލާފައި ރުހައިލު އެ ކޮޓަރިތެރެއަށް ވަނެވެ.

“އެ ކީއްކުރަން، އެއީ ރުހައިލާ ބެހޭ އެއްޗެއް ނޫން” އަރުފީނު އަވަސް އަވަހަށް އައިސް މޭޒުކައިރި ހުއްޓުނެވެ.

ރުހައިލު، އަރުފީނުގެ އެއްއަތުގައި ހިފާ ކުއްލިއެއްޖެހުމާއެކު އައިސް އޭނާގެ މޭގައި ޖެހި މަތަވިއެވެ. އަދި އެސްފިޔަ ޖަހާލާހާ ވަގުތުކޮޅެއްގެ ތެރޭ އަރުފީނުގެ އުނަގަނޑުގައި ވަށާލި އަތުން އޭނާ އެއްފަރާތްކޮށްލި ގޮތް ވެސް އަރުފީނަށް ސިފަކުރަން އުނދަގޫވިއެވެ. ރުހައިލު އެހާ ކުޅަދާނަ ވާނެކަމެއް އޭނާއަކަށް ނޭނގެއެވެ. އެހެންނޫނީ އޭނާ ހުންނަނީ ރުހައިލު ބުނާނެ އެއްޗަކަށް ރައްދުދޭން ތައްޔާރުވެގެންނެވެ. މޭޒުމަތީ ހުރި ކަރުދާސްތައް ރުހައިލު ހާވަންފެށިއެވެ. އަދި ފަޒަލް ގެނައި ކަރުދާސްތައް ނެގުމާއެކު އޭގައި އޮތް އެއްޗެއް އޭނާ ކިޔާލިއެވެ.

“އައި ނިއު… މަށަށް އޮޅުވާލާނަމޭ ހިތާ އުޅުނީ” ހިނިއައިސްފައި ރުހައިލު މިހެން ބުނެ އަރުފީނަށް ބަލާލިއެވެ. އޭރު ދެ ލޯ ބޮޑުވެފައި އަރުފީނަށް ހުރެވުނީ ރުހައިލަށް ބަލާށެވެ. އޭނާގެ ގައިގާ އެހާގާތްކޮށް ދުވަހަކު ވެސް ފިރިހެނަކު ނުބީހެއެވެ. އެހެންވެ އެތެރެއަށް ދަމާލި ނޭވާ ބޭރުކޮށްލަން ވެސް އަރުފީނު ހުރި ހަނދާންނެތިފައެވެ.

“ބަބުރުކުއްޖާ…” ލޭނެތް ގޮތަކަށް ހީނލާފައި ރުހައިލު އަރުފީނުގެ ކޮޓަރިން ނިކުމެގެން ދިޔައެވެ.

ރުހައިލު އޭނާގެ ކޮޓަރިއަށް އައިސް ވަދެފައި އެންމެ ފުރަތަމަ ވެސް ފަޒަލްއަށް ގުޅިއެވެ. އޭނާގެ ސިއްރު ފަޅާ އަރައިފި ކަމުގައި ބުނެލިއެވެ.

“ރުހައިލު ޕްލީޒް، ބައްޕައަށް އެނގިއްޖެއްޔާ ކަންތައް ވަރަށް ގޯސްވާނެ” ފަޒަލް ބުނެލިއެވެ.

“އެކަމަކު ބުނާނެ މީހުންގެ ކިބައިން ފައިދާ ނަގަން އެނގެނީ އަހަންނަށޭ، މިއަހަރު ނިމިގެން ދާއިރު ހުރިހާ އެސައިންމެންޓެއް ފަޒަލް ތި ހަދުވަނީ އަރުފީނު ލައްވާ، އިންސާފެއްނޫން… އެކަމަކު އަހަރެން އަޖައިބުވެއްޖެ، އަރުފީނު ހަމަ އެހާ މޮޅުތަ؟ އޭނާ ކިޔަވަނީ ވެސް އަހަރުމެން ކިޔަވާ އެއްޗެއް ނޫނެއްނު، ޓީޗިން ދާއިރާއެއްނު އެއީ” އެއްބަސްވާން ބޭނުންނުވިޔަސް ރުހައިލަށް ހިތާ ހިތުން އަރުފީނަށް ތަޢުރީފުކުރެވުނެވެ. އޭނާ އެހާ މޮޅުވެދާނެކަމަށް ރުހައިލު ހިޔެއްނުކުރެއެވެ.

“މިހިސާބުން ނިމުނީ، ދެން ނުވާނެ އަރުފީންއާ އެއްވެސް މަސައްކަތެއް ހަވާލުކޮށްގެން” ރުހައިލު ބުނެލިއެވެ.

“އޯ! ހިތްކީތަ، ނޫނީ ރުހައިލުގެ އެސައިންމެންޓުތައް ހެދުމަށް އޭނާ ގަނެލީތަ؟” ހީނގަންނަމުން ފަޒަލް ބުނެލިއެވެ.

އަރުފީނު ލައްވާ ކޯހުގެ މަސައްކަތްތައް ކުރުވަން ރުހައިލު އެއްބަހެއްނުވިއެވެ. އެއީ ކޮންމެހެން އޭނާ އަރުފީނާ މެދު ހަމްދަރުދީ އުފެދިގެންނެއްނޫނެވެ. ފަޒަލްއަށް ކަންކަން ކޮށްދޭހާ ފަސޭހައިން ރުހައިލަށް އޭނާ ނުކޮށްދޭނޭކަން އެނގޭތީވެ، އަރުފީނުގެ ކިބައިން ފަޒަލް ފައިދާ ނެގިޔަ ނުދިނީއެވެ. ދެ ރަޙުމަތްތެރިން އެއްބަސްވިއިރު އެކަން އެމީހުންނަށް އެނގެއެވެ.

ޚިޔާލަކަށް ގެއްލިފައި އޮތް ރުހައިލުގެ ލޯ މަޑުމަޑުން މެރެމުންގޮސް އޭނާއަށް ނިދުނީއެވެ. ކީއްވެކަމެއް ނޭނގުނަސް އޭނާގެ ޚިޔާލުގައި އަރުފީނު ވިއެވެ. ރުހައިލުގެ މަތީން ހަނދާންނުނެތޭނޭ ވަރުގެ ލަނޑެއް ދޭން އޭނާ ރާވަމުން ދިޔައެވެ. އަރުފީނު އަނދިރިވުމުން ބިރުގަންނަކަން އެނގި ހުރެ ރުހައިލު ބޭނުންވީ އޭނާ ބިރުގަންނުވާލާށެވެ. ބައެއްފަހަރު އޭނާއަށް އެކަން ޤަބޫލުނުކުރެވެނީއެވެ. އަރުފީނު އެހާ ބޮޑުވެފައި ހުރިއިރު އަނދިރިވުމުން ބިރުގަނެފާނެކަމެވެ. މިފަހަރު އޭނާގެ ޚިޔާލު ފަޒަލްއާ ވެސް ހިއްޞާކުރާން ރުހައިލު ބޭނުމެއްނުވިއެވެ.

* * * *

ސޮފޫރާގެ ހާލު މަޑުމަޑުން ރަނގަޅުވަމުން އައި އިރު އޭނާ ފެންނަނީ އަބަދުވެސް ކޮންމެވެސް ކަމަކަށް ގެއްލިފައި އިންނަހެންނެވެ. މީހުންނާ ވާހަކައެއް ނުދައްކައެވެ. ކޮޓަރިން ނިކުންނަނީ އާތިޤާ ނޫނީ އުޒައިރު އާދޭސްކުރީމައެވެ. ފެންޑާގެ އޮޅިގަނޑަށް ވުރެ ބޭރަކަށް އޭނާ ނުނިކުމެވެ. އެކަމާ އާތިޤާ އާއި ޙައިދަރު ވެސް ހުރީ ކަންބޮޑުވެފައެވެ.

ލުތުފީ ފުރަން ބުނި ދުވަހުގެ އިތުރަށް ދެދުވަސް އޭނާ މަޑުކުރުމަށްފަހު އަނެއްކާ ވެސް ފުރަން ތައްޔާރުވިއެވެ. ހަވީރު ޖެޓީއާ ދިމާލަށް ދާން ނިންމާފައި އޮތް އިރު މެންދުރު ކައިގެން ލުތުފީ، ޙައިދަރުގެ ގާތުގައި އެކަހެރިކޮށް ބައްދަލު ކޮށްލަން އެދުނެވެ. އެހެންވެ ޙައިދަރު ދުފާލައިގެން އައިސް އިނީ ގޯތިތެރޭ އަށީގައި އިށީނދެލައިގެންނެވެ. އޭރު ބަތިގެ ފަރާތުގައި ސޮފޫރާ ކާއެއްޗެއް ނުކައިގެން އާތިޤާ އުޅެއެވެ. އެމީހުންގެ ގާތުގައި އުޒައިރު ވެސް އުޅެއެވެ. ލިބުނު ފުރުޞަތުގެ ބޭނުން ލުތުފީ ހިފިއެވެ. ކަރަންފުލެއް އަނގަޔަށް ލައިގެން ދުފާ ތަބަށް ހިފައިގެން ލުތުފީ ވެސް އައިސް ޙައިދަރުގެ ކައިރީ އަށިމަތީ އިށީނެވެ. ދެން ދިމާވާނޭ ކަމުގެ އުންމީދު ކުޑަވެފައި އިން ފަދަ ގޮތަކަށް ލުތުފީ ވާހަކަފެށިއެވެ. އޭނާ ޙައިދަރުގެ ގާތުން އެދުނީ އާތިޤާ އާއި ސޮފޫރާ އޭނާއާއެކު މާލެ ފޮނުވުމަށެވެ. ސޮފޫރާއަށް އެންމެ ރަނގަޅުވާނީ މިވަގުތު އެގޮތްކަމުގައި ލުތުފީ ބުންޏެވެ. ނަމަވެސް ޙައިދަރަށް އެ ވާހަކައާމެދު ވިސްނާލަން ވަގުތުކޮޅެއް ބޭނުންވިއެވެ. އާތިޤާގެ ގޮތް އޭނާއަށް ވެސް އެނގޭތީއެވެ. ރަށް ދޫކޮށް އާތިޤާ އެހެންތަނަކަށް ދިރިއުޅުން ބަދަލުކުރާނެއޭ ޙައިދަރުގެ ހިތް ނުބުނެއެވެ. ލުތުފީ މަސްލަހަތަށްޓަކައި އޭނާ އާތިޤާއާ ކައިވެނި ކުރަން ބޭނުންވާކަން ސިއްރުކުރިއެވެ.

“އަހަރެން އާތިޤާއާ ތިވާހަކަދައްކަފާނަން، އެކަމަކު ހިޔެއްނުވޭ އޭނާ އާނއެކޭ ބުނާނެހެން” ހައިދަރަށް ޖަވާބު އެނގޭއިރު ވެސް ލުތުފީގެ ހިތްހަމަޖައްސާލަ ދިނެވެ.

އަސުރު ނަމާދުކޮށްލައިގެން އާތިޤާ އައިސް އުޒައިރުގެ އެއްޗެހި ފޮށްޓަށް އަޅައިދީ ފޮށިތައްޔާރު ކުރުމުގައި އުޅުނެވެ. އުޒައިރު އަނގައިން ނުބުނެ މާދެރަވެފައި އިންނަހެން ހީވެ އާތިޤާ އޭނާއާ ސުވާލުކުރިއެވެ. އެއާއެކު އުޒައިރު އޭނާގެ ކިބައިން އެދުނީ އެމީހުންނާއެކު މާލެ ދިއުމަށެވެ. މިފަހަރު އާތިޤާ ދެކޮޅެއް ނުހެދިއެވެ. އޭނާ ވިސްނާލިއެވެ. ރަށުގައި އޭނާގެ ޢާއިލާ ބަދުނާމުވެއްޖެއެވެ. ހުރި ހަމައެކަނި ދަރިފުޅު ދިރިހުންނާކަށް ބޭނުމެއްނުވެއެވެ. ވީއިރު އުފަން ފަސްގަނޑަކީ މިހާރު އޭނައަށް ބީރަށްޓެހިތަނަކަށް ވެއްޖެއެވެ. ކަންފަތާ ހަމައަށް އަންނަ އަޑުތަކަށް ކެތްކުރެވޭނީ ކިހާ ދުވަހެއްވާންދެން ކަމެއް ޚުދު އޭނާއަކަށް ނޭނގެއެވެ. މަޑުމަޑުން އުޒައިރުގެ ބޮލުގައި ފިރުމާލާފައި އާތިޤާ ހިނިތުންވެލިއެވެ. އޭނާ އުޒައިރުގެ ކަންތައްތައް ނިންމާލާފައި ކޮޓަރިން ނިކުމެ ލުތުފީ ވީތަނެއް ހޯދާލިއެވެ.

“ލުތުފީ” ފެންޑާގައި ފޮށިގަނޑުތައް ތަރުތީބުކުރަން ހުރި ލުތުފީއަށް އާތިޤާ ގޮވާލިއެވެ. އެތަނުގައި އެކަކު ވެސް ފެންނަން ނެތުމުން އާތިޤާއަށް ލުތުފީއާ ވާހަކަދައްކާލެވޭ ގޮތްވިއެވެ.

“އަހަރެން… އަހަރެން މާލެ ދާން ތައްޔާރަށް މިހިރީ” ގޮތްހުސްވެފައި ހުރި މީހަކު ފަދައިން އާތިޤާ ބުނެލިއެވެ.

“މާލަސްވީތަ؟” ލުތުފީ އަނގައިން ނުބުނެ ހުންނަންފެށުމުން އާތިޤާ އަހާލިއެވެ.

“ޙައިދަރު ބުނީތަ؟” ލުތުފީ ހީކުރީ ޙައިދަރުގެ އެދުމަށް އާތިޤާއަށް ފުރަގަސްދޭން ނުކެރުނީކަމަށެވެ.

“ނޫން، ދޮންބޭބެއަކަށް ނޭނގޭނެ، ލުތުފީ އަހަންނާއި ސޮފޫރާ ގެންދަން ހުރިއްޔާ، އަހަރެން މިހިރީ ދާގޮތަށް، މިހާރު މިރަށުގައި އުޅުމުގެ ބޭނުމެއްނެތް، ސޮފޫރާ ރަނގަޅުވާން އަހަރެން ބޭނުން، އޭނާއަށް މިރަށަކުން އެއްވެސް ހިތްހަމަޖެހުމެއް ދެނެއް ނުލިބޭނެ، އަހަރެންގެ އަމިއްލަ އެދުމަށްވުރެ މިއަދު އަހަރެންގެ ދަރިފުޅަށް ރަނގަޅުވާނޭގޮތް ޚިޔާރުކުރަން ބޭނުން” އާތިޤާ ބުނެލިއެވެ.

“އަވަހަށް ދާންތައްޔާރުވޭ، އާތިޤާއަށް ތައްޔާރުވެވެންދެން އަހަރެން ލޯންޗު މަޑުކުރުވާނަން، ތިޔައިގެ ދެމެއިން ނުލާ ދެނެއް މި ރަށަކުން ނުފުރާނަން” ހިނިތުންވެލައިގެން ހުރެ ލުތުފީ ބުންޏެވެ. އެއާއެކު އާތިޤާ އަވަސްވެގަތީ ޙައިދަރު ހޯދާށެވެ.

“ދޮންބޭބޭ! ވަގުތު އޮތިއްޔާ އިހަށް މަޑުކޮށްލަފާނަންތަ؟ އަހަރެން ވަރަށް ބޮޑު ވާހަކައެއް ބުނަންވެގެން” ކޮޓަރީގެ ދޮރު ހުޅުވާލާފައި ނިކުތް ޙައިދަރު ފެނުމުން އާތިޤާ ބުނެލިއެވެ.

“ދޮންބޭބެ ވެސް އެބައޮތް އާތިޤާއާ ވާހަކައެއް ދައްކާލަންވެފައި” ލުތުފީ ފުރުވަން ދިއުމުގެ ކުރިން ޙައިދަރު ވެސް ބޭނުންވީ ލުތުފީ އެދުނު ކަންތަކުގެ ވާހަކަ އާތިޤާއަށް ހުށަހަޅާށެވެ.

އާތިޤާ ޙައިދަރުގެ ކޮޓަރިއަށް ވަނުމުން އޭނާ ބުނަން އެއުޅެނީ އާދައިގެ ވާހަކައެއް ނޫންކަން ޙައިދަރަށް ނަގައިގަނެވުނެވެ. އެހެންވެ އޭނާ ބުނަން އުޅުނު ވާހަކަ ފަހަށް ބާއްވާފައި އާތިޤާ ބުނާ އެއްޗެއް އަޑުއަހަން ތައްޔާރުވެލިއެވެ.

“މިރަށަކީ މިހާރު ސޮފޫރާއަށް އެއްވެސް ލާބައެއް ކުރާނޭ ތަނެއްނޫން، މިހާރު އެއީ ކުރީގެ ސޮފޫރާއެއްނޫން، ދޮންބޭބޭ، އަހަރެން ނިންމައިފިން ސޮފޫރާ ގޮވައިގެން ލުތުފީއާއެކު މާލެ ދިއުމަށް” އާތިޤާ ބުނެލިއެވެ.

“ދޮންބޭބެ ވެސް ތިވާހަކަ ބުނަން މިއުޅުނީ، ލުތުފީ ވަނީ ތިޔަ ޚިޔާލު ދީފައި، ދޮންބޭބެއަށް ވެސް ފެންނަނީ ސޮފޫރާ ގޮވައިގެން މާލެ ބަދަލުވާން” ޙައިދަރުގެ ހިތުގައި އޮތް އެއްޗެއް އޭނާ ހާމަކުރިއެވެ.

“އެކަމަކު އަހަރެން… އަހަރެން ބޭނުން ދޮންބޭބެ ވެސް އަހަރުމެންނާއެކު ބަދަލުވާން، އަހަރެން ނެތިއްޔާ ދޮންބޭބެގެ ކަންތައްތައް ކޮށްދޭނޭ މީހަކު ނުހުންނާނެ، އަހަރެން ވެސް ހިތްހަމަޖެހޭނެ އަހަރެންގެ ކައިރީ ދޮންބޭބެ ހުންނަންޏާ” އާތިޤާ މާޔޫސްވެފައި ޙައިދަރަށް ބަލަން ހުއްޓެވެ.

“ކުއްލިއަކަށް ކިހިނެއް މާލެ ބަދަލުވާނީ، މިކޮޅުގައި ހުރި ވިޔަފާރިގެއާ އެއްޗެހި ބަލަހައްޓަން ވެސް ޖެހޭނެއެއްނު، ދޮންބޭބެއަށް ދުވަސްކޮޅަކު ހުރެލަން ދެވިދާނެ، އެކަމަކު ތާ އަބަދު ގޮސް ލުތުފީމެން ގޭގައި ހުރުމަކީ ފަސޭހަކަމަކަށް ނުވާނެ، މިވަގުތު ހަޤީޤަތުގައި ދޮންބޭބެ ދިއުމަށްވުރެ ސޮފޫރާ ރަނގަޅު ކުރެވޭތޯ ބެލުން މާ މުހިންމު، މި ވާހަކަ ލުތުފީ ގާތު ބުނެފިންތަ” ޙައިދަރު ބޭނުންވީ ލުތުފީއާއެކު އާތިޤާ އާއި ސޮފޫރާ ފޮނުވާށެވެ.

“އޭނާ ހުރީ އަހަރުމެން ދެމައިން ގޮވައިގެން ދާން މަޑުކޮށްގެން” އާތިޤާ މިހެން ބުނުމާއެކު ޙައިދަރު ކޮޓަރިން ބޭރަށް ނިކުންނަން ހިނގައިގަންނަމުން އަވަހަށް ދަތުރު ތައްޔާރުކުރުމަށް އާތިޤާއަށް ބުންޏެވެ.

ހަވީރު ފަހެއް ޖަހާއިރު ލުތުފީ ފުރަން އޮތްއިރު އޭނާއަށް ލޯންޗާ ހަމައަށް ދެވުނީ ހަތެއްޖެހިފަހުންނެވެ. އޭރު އޭނާގެ ފަހަތުގައި އާތިޤާ އާއި ސޮފޫރާގެ އިތުރުން އުޒައިރު މަޑުކޮށްލައިގެން ތިއްބެވެ. ލޯންޗުގެ ފަޅުވެރި ކުއްޖަކަށް ގޮވާލާފައި ލުތުފީ ހުރިހާ ފޮށިތަކާ ދަބަސްތައް އެރުވުމަށް ބުންޏެވެ. އެކަންކޮށް ނިމުމުން އާތިޤާ އާއި ސޮފޫރާގެ އިތުރުން އުޒައިރު ލޯންޗަށް އެރުވިއެވެ. ނަމަވެސް ލުތުފީ ލޯންޗަށް އެރުމުގެ ކުރިން ޙައިދަރުގެ ގާތަށް އައިސް މަޑުކޮށްލިއެވެ.

“ޙައިދަރު، ރަށުގައި އެކަނި ހުރުމަށްވުރެ އަހަންނާއެކު އަންނަންވީނު، އަހަރުމެން ދެމީހުންނަށް ރަނގަޅު ކަމެއް މާލޭގައި ފެށިދާނެ، އާތިޤާ ވެސް ވަރަށް ބޭނުންވޭ ޙައިދަރު އަހަރުމެންނާއެކު ދާން” ލުތުފީ އައިސް ޙައިދަރާ ސަލާމްކޮށްލަމުން ބުނެލިއެވެ.

“އަހަރެން ތިކަމާ ވިސްނާނަން، ލުތުފީ ބުންޏަށް ތިހުންނަނީ އެހާ ފަސޭހަކަންކަމެއްނޫން، އަހަރެންގެ ކޮއްކޮ ލުތުފީގެ ބެލުމުގެ ދަށުގައި މިފޮނުވަނީ ވަރަށް އިތުބާރުކޮށްފައި، އޭގެ ދެމައިންނަށް ހެޔޮކޮށް ހިތާނޭކަމަށް ވަރަށް ޔަޤީންކޮށްފައި” ޙައިދަރު ހިނިތުންވެލަން މަސައްކަތްކުރިއެވެ.

“އެކަމާ އެއްގޮތަކަށް ވެސް ހާސްނުވޭ، އަހަރެން އެމީހުންނަށް ދެރަގޮތެއްވިޔަކަ ނުދޭނަން، ދެން ދަނީ… ހިތްހެޔޮ ކުރާތި، އުންމީދު ކުރަން ވަރަށް އަވަހަށް ޚައިދަރު މާލެ އަންނާނެކަމަށް” ލުތުފީ މިހެންބުނެ ސަލާމަށް ހިފަހައްޓާލައިގެން ހުރި ޙައިދަރުގެ އަތާ އަތް ވަކިކޮށްލާފައި އައިސް ލޯންޗަށް އެރިއެވެ.

* * * *

ހެނދުނު ޔުނިވަރސިޓީއާށް ދާން ބޮޑުކޮޓަރީގެ ދޮރުން ބޭރަށް ނިކުތްވަގުތު ފަހަތުން މީހަކު އައިސް އަރުފީނުގެ ގައިގާ ޖެހިގަތުމުން އޭނާ އެނބުރި ބަލާލިއެވެ.

“ސޮރީ… ނޮޓް ރިއަލީ” ރުހައިލުގެ އަތުގައި އޮތް ފޮތެއް ވެއްޓުމުން އެ ނަގާފައި މާފަށް އެދުމާއިއެކު ލާނެތްކަން ދައްކާލިއެވެ. އަދި އަރުފީނު ހުއްޓުން އަރާފައި ހުއްޓާ އޭނާ މާކުރިން ނިކުމެގެން ދިޔައެވެ. ނޭވާ އެތެރޭގައި ހިފަހައްޓާލެވުމާއިއެކު އަރުފީނަށް އޭނާގެ ބަނޑުގައި އަތްޖައްސާލެވުނެވެ. އެގޮތަށް އިރުކޮޅަކު ހުރުމަށްފަހު ދިގުނޭވާއެއް ލާފައި ޕޯޓިކޯއިން ނިކުމެގެން އައިސް ގޭޓު ކުރިމަތީ އޮތް ކާރަށް އެރިއެވެ. އޭނާ އުޅެއުޅެ ވެސް ރުހައިލުގެ މޭގައި ގޮސް ޖެހުނު ވަގުތުކޮޅު ހަނދާންނައްތައެއްނުލެވުނެވެ. ގަސްދުގައި އޭނާއާ ގައިގޯޅިވާން ރުހައިލު އުޅެނީބާއޭ އަރުފީނުގެ ހިތަށް އެރިއެވެ. ނަމަވެސް ހަމަ އެހާ އަވަހަށް ހިތާ ދެކޮޅުވިއެވެ. ރުހައިލު އޭނާއަށް ޖެއްސުމެއް ނޫނީ ނުކުރާނޭކަން އެނގޭތީއެވެ.

އަރުފީނުގެ ދުވަސް ނިމިދަނީ މުޅިން ވެސް އެކަހަލަ ގޮތަކަށެވެ. ބައެއްފަހަރު ރުހައިލުގެ ފަރާތުން ކުދިކުދި ގޯނާތައް ނުފޯރާނަމަ އަރުފީނުގެ ދިރިއުޅުން ވަރަށް ފޫހިވާނޭކަމުގައި ވެސް ހީކުރެވެއެވެ. ޝާރުދާމެންގޭގައި ދުވަސްތައް ކުރުވަނީ ރުހައިލުގެ ސަބަބުންނެވެ. ފަޒަލްގެ ހަޔާތަށް މިލާން އައުމުން ރުހައިލުގެ ދިރިއުޅުމަށް ހުސްކަމެއް އައިހެން އޭނާއަށް އިހުސާސްވެގެން ދިޔައެވެ. އަރުފީނަށް އުނދަގޫ ކުރުން ގިނަވީ ވެސް އެހެންވެއެވެ. އޭނާގެ ފޫހިފިލުވުމުގެ ބައެއްގެ ގޮތުންނެވެ.

* * * *

މާލެއަށް ބަދަލުވުމާއިއެކު އާތިޤާއަށް މާހައުލު މުޅިން އާވިއެވެ. ސޮފޫރާގެ އުޅުމަށް އެއްވެސް ބަދަލެއް ނާދެއެވެ. މުޅި ދުވަހުހެން އޭނާ ހުންނަނީ ނެގިމަޑުވެފައެވެ. އޭގަ ބަދަލުގައި އުޒައިރަށް ބަދަލުތަކެއް އަންނަމުން ދާކަން ލުތުފީއަށް ފާހަގަކުރެވުނެވެ. ގޭގައި ގެންގުޅޭ މީހުން ތިބޭއިރު ވެސް ޢާތިޤާ، އުޒައިރުގެ ކަންކަން ބަލަން ފެށުމުން އުޒައިރަށް އެ ބޮޑު ގޭގައި މަންމައަކު އުޅޭކަމުގެ އިހުސާސް ވެގެންދިޔައެވެ. ލުތުފީގެ ދޮށީ ދަރިފުޅު އުނައިސް، އާތިޤާއާ އެއްގޮތަކަށް ވެސް ވާހަކައެއް ނުދައްކައެވެ. ލުތުފީދެކެ އޭނާ ހުރީ ކުޑަކޮށް ހިތްހަމަނުޖެހިފައެވެ. އާތިޤާ އެގެއަށް ގެނައުމުންނެވެ. ލުތުފީގެ ފަރާތުން ޚާއްޞާ ސަމާލުކަމެއް އާތިޤާއަށް ދޭހެން ހީވާތީއެވެ. ނަމަވެސް ބައްޕަގެ ދިރިއުޅުމަށް ފާޑުނުކިޔާވޭތޯ އޭނާ މަސައްކަތްކުރިއެވެ. ލުތުފީ ވެސް އެކަމާ އުނައިސްއާ އެއްވެސް ވާހަކައެއް ދައްކަން ބޭނުންނުވީ އުނައިސްއަށް ހުރިހާކަމެއް އަދި ވިސްނޭނެކަމުގައި އޭނާ ޤަބޫލުކުރާތީއެވެ.

“އާތިޤާ، އަހަރެންގެ ރައްޓެހި ޑަކްޓަރެއް ހުންނާނެ، އޭނާއަށް ސޮފޫރާ ދައްކާލަން ފެނޭ” ރޭގަނޑު ކައިގެން ހުރިހާ ކުދިން ކާކޮޓަރިން ނިކުމެގެން ދިއުމުން ލުތުފީ ބުނެލިއެވެ.

“އެކަމަކު ސޮފޫރާގެ ބައްޔެއް ހުންނަނީކީ ނޫނެއްނު” އާތިޤާ ބުނެލިއެވެ. އެއާއެކު ލުތުފީ އޭނާއަށް ވިސްނައިދިނެވެ. ސޮފޫރާ ގެންދަން އުޅެނީ އާދައިގެ ޑޮކްޓަރެއް ކައިރަށް ނޫންކަމެވެ. ސޮފޫރާއަށް ދިމާވެފައިވާ ފަދަ ކަންކަން ބެލުމަށް ޚާއްޞަ ޑޮކްޓަރުން ތިބޭކަން ލުތުފީ އޮޅުން ފިލުވައިދިނެވެ. އަދި އޭނާގެ އެކުވެރި ޑަކްޓަރ ޝާންއަކީ ސައިކޮލޮޖިސްޓެއްކަމުގައި ލުތުފީ ބުންޏެވެ. އުޒައިރުގެ އުޅުން ބަދަލުވާން ފެށުމުން އޭނާގެ ގާތަށް އުޒައިރު ގެންދިޔަ ކަމުގައި ވެސް ލުތުފީ ބުންޏެވެ.

“ސޮފޫރާ ދާނެނަމަތާ ފޮނުވޭނީ، މާލެ އައިފަހުން އަދި ބޭރަށް ފިޔަވަޅެއް ވެސް ނާޅާ” އާތިޤާ ބުނެލިއެވެ.

“އޭނާ ގޮވައިގެން އަހަރުމެން ދާނީ، އަހަރެން ބުނީމަ ސޮފޫރާއަށް ނުކެރޭނެ ނުގޮހެއް” ލުތުފީ ބުންޏެވެ.

ކޮޓަރިއަށް ވަންނަން ދިޔަ އުނައިސްގެ ލޮލުގައި ހުޅުވާލާފައި ހުރި ދޮރުގެ ތެރެއިން ކުޑަދޮރުކައިރީ މަޑުކޮށްލައިގެން ހުރި ސޮފޫރާ އަޅައިގަތެވެ. އެގެއަށް ސޮފޫރާ އައިފަހުން ސިއްރުން ނަމަވެސް އުނައިސް އަންނަނީ ސޮފޫރާއަށް ބަލަމުންނެވެ. ސޮފޫރާ މާ މަޑުމަޑުން ބަސްމަދުވެފައި ހުންނާތީ އެއީ ކީއްވެތީ ބެލުމަށް އުނައިސް ޝައުގުވެރިވެއެވެ. ސޮފޫރާއާ ބެހޭގޮތުން އާތިޤާ ވިޔަސް އަދި ލުތުފީ ވިޔަސް އެއްޗެއް ބުނަންޏާ އެ ވާހަކައެއް ނިކަން ކަނުލާ އުނައިސް އަހައެވެ. އެކަމަކު އަދިވެސް އޭނާއަށް ސޮފޫރާއަށް ވީގޮތެއް ނޭނގެއެވެ. ސޮފޫރާގެ ކޮޓަރި ދޮރުމަތީ އުނައިސް އިރުކޮޅަކު މަޑުކޮށްލައިގެން ހުއްޓެވެ. އެއްފަހަރު ނަމަވެސް ސޮފޫރާ އެނބުރި ބަލާލާތޯއެވެ. އެހެންވެއްޖެނަމަ އެ އަންހެންކުއްޖާއާ ވާހަކަދައްކަން ކަމަށެވެ. ނަމަވެސް ސޮފޫރާ ހުރި ފިޔަވަޅުން ގުޑިވެސް ނުލިއެވެ. ލައިގެން ހުރި ދޫ ޓްރެކްސޫޓުގެ އަރިމަތީ ޖީބަށް ދެއަތްޖަހާލަމުން ދެކޮނޑުއަރުވާ ބޯހޫރާލާފައި އުނައިސް ގޮސް ވަނީ އޭނާގެ ކޮޓަރިއަށެވެ.

* * * *

ކޮޓަރިން ނިކުމެގެން އައި ޝާރުދާ ކޮނޑުގައި އަޅުވާފައި އޮތް އަތްދަބަސް ރަނގަޅުކޮށްލިއެވެ. އަދި ދަރިފުޅު ރުހައިލުގެ ކޮޓަރިއަށް ބޯ ދިއްކޮށްލިއެވެ. އެތަނުގައި އެކަކު ވެސް ނެތުމުން އޭނާ އަވަސްވެގަތީ ބޮޑުކޮޓަރިތެރެއަށް ދިއުމަށެވެ.

“ޝާރުދާ، މެހެނާޒުއާ ޝުއައިބު ވެސް އަތުވެއްޖެ، އިތުރަށް މަޑުކުރަންވެއްޖެއްޔާ ޗެކިން ފަށާއިރު ވެސް އެހިސާބަށް ނުފޯރާނެ” ލިފްޓަށް އެރި ޝާރުދާގެ ފޯނަށް އޭނާ ޖަވާބުދިނުމުން އިވުނީ މަލީކުގެ ޝަކުވާގެ އަޑެވެ.

ބޮޑުކޮޓަރިތެރޭގައި ޢާއިލާގެ އެންމެން ޖަމާވެފައި ތިއްބެވެ. އިޒުވާނުގެ ކައިވެންޏަށް ޝާރުދާމެން ފުރައިގެން ލަންޑަނަށް ދިއުމަށްޓަކާ ހުރިހާ ކަމެއްވަނީ ތައްޔާރުވެ ނިމިފައެވެ. މަލީކުގެ ގާތުގައި ރުހައިލު ހުއްޓިލައިގެން ހުރިއިރު ޝުއައިބުގެ އެއަތްވަނީ ފަޒަލްގެ ކޮނޑުގައި އަޅުވާލެވިފައެވެ. ދެ ބައްޕައިން ވެސް ފިރިހެން ދަރިންނަށް ނަޞޭހަތްތެރިވީ އެމީހުން ގޭގައި ނޫޅުނުކަމުގައި ވިޔަސް ބަސްއަހައިގެން ކިޔެވުމަށެވެ. ޚާއްޞަކޮށް މަލީކު އޭނާގެ ދަރިފުޅަށް ނަޞޭޙަތްދިންލެއް ގިނައެވެ.

“ދަރިފުޅު ތަންކޮޅެއް ހަރުދަނާވާން ވެއްޖެހެން ބައްޕައަށް ހީވަނީ، ގޭތެރޭގައި ވެސް އެބަފެނޭ ކުޑަކުދިން ކުރާ ކަހަލަ ކަންތައް ކުރާތީ، މިހާރު ރުހައިލު ތީ އެހެން އުޅެން ކުޑަކުއްޖެއްނޫން، އުންމީދު ކުރަން ހަފްތާއެއްވަރު ފަހުން ބައްޕަ އެނބުރި އަންނައިރު ރުހައިލުގެ ފަރާތުން ހަރުދަނާ ޒުވާނެއްގެ ގައިގާ ހުންނާނޭ ފަދަ ސިފަތައް ފެނިގެންދާނޭކަމަށް” މަލީކު ދަރިފުޅުގެ ކޮނޑުގައި ޖަހާލަމުން ބުނެލިއެވެ. ކިޔަމަންތެރިކަމާއެކު ނިކަން ބަސްއަހައިގެން ހުރެ ރުހައިލު ބޯޖަހާލިއެވެ. އެކަމަކު އޭނާ މަލީކު ބުނި އެއްޗަކާއިމެދު މާބޮޑަކަށް ނުވިސްނިއެވެ.

ރުހައިލުގެ ކިޔެވުމަށް ހުރަސްއެޅިދާނޭތީވެ އޭނާ ބަހައްޓާފައި ދާން މަލީކު ބުނުމާއެކު ޝުއައިބު ވެސް ނިންމީ ފަޒަލް ނުގެންދިއުމަށެވެ. އެހެންވެ ގޭގައި އެ ދެ ޒުވާނުން ބައިތިއްބާފައި ހުރިހާ މައިންބަފައިން އެއަރޕޯޓަށް ދިއުމަށް ގެއިން ނިކުތެވެ. ގޭޓުން އެމީހުން ނިކުމެގެން ދިއުމާއެކު ރުހައިލް އާއި ފަޒަލް ދުވެފައި އައިސް ގެއަށް ވަނެވެ.

“އޯ ކަމޯން ފަޒަލް، ވަގުތެއް ވާއިރަށް މިލާންއަށް ނުގުޅިއްޔާ ނުވޭތަ” ފަޒަލް އަވަސް އަވަހަށް ފޯނު ނަގާ ކަންފަތުގައި ޖައްސާލިތަން ފެނުމުން ރުހައިލު ބުންޏެވެ. އެއާއެކު ރުހައިލަށްޓަކައި ފަޒަލް، މިލާންއަށް ނުގުޅެނީސް ކޯލު ކަނޑާލިއެވެ.

* * * *

އަރުފީނު ހަނދާންނުނެތޭނޭ ވަރުގެ ކަމެއް ކޮށްލުމަށް ރާވަމުން ދިޔަ ރުހައިލަށް މައިންބަފައިން ފުރައިގެން ދިއުންވީ ލިބުނު ރަނގަޅު ފުރުޞަތަކަށެވެ. އެހެންނަމަވެސް އަރުފީނަކީ އޭނާ ބުނާއެއްޗެއް ޤަބޫލުކުރާނެ އަންހެން ކުއްޖެއްނޫނެވެ. އެހެންވެ ހައްދާލުމަކީ ފަސޭހައިން ކުރެވޭނޭކަމެއް ނޫންކަން ރުހައިލަށް އެނގެއެވެ. އޭނާ އެކިގޮތްގޮތަށް ރާވަމުން ގޮސް އޭނާގެ ރޭވުން ކާމިޔާބުވާނޭ ގޮތެއް ވިސްނުމަށް އައެވެ. އޭރު ރުހައިލުގެ މައިންބަފައިން އެނބުރި އަންނަން އެންމެ ދުވަހަކަށް ވެއްޖެއެވެ. ބޭނުންވިޔަސް ވަގުތުނެތްކަން އެނގޭތީ ރުހައިލު ބޭނުންވީ އޭނާ ރޭވި ކަންތައް ވީހާ ވެސް އަވަހަކަށް ކޮށްލާށެވެ.

ހުކުރު ދުވަހުގެ ރޭ، ރޭގަނޑު ކައިގެން ރުހައިލާއި ފަޒަލްގެ އިތުރުން އަރުފީނު ވެސް ނިކުތީ ބޮޑުކޮޓަރިއަށެވެ. ޓީވީއިން ދައްކަމުން ދިޔަ އިނގޭރޭސި ފިލްމެއް ބަލަން ފަޒަލްގެ އިތުރުން އަރުފީނު ވެސް ޝައުގުވެރިފައި އިނެވެ. ރުހައިލު އިރުކޮޅަކު ސޯފާއިން ތެދުވެގެން ކާގެއަށް އައިސް ވަނީ ވަރުޝާމެން ބަދިގެ ނިއްވާފައި ދާހާ އިރުކޮށްފައެވެ. އޭނާ އައިސް ބަދިގޭ ގުދަނުގެ ދޮރުގައި ޖައްސާފައި ހުރި ހަވާދުގެ ބާވަތް އަތުރާފައި ހުރި ހަރުގަނޑު އެއްފަރާތްކޮށްލާފައި ގުދަނުގެ ބޮޑު ދޮރު ދެއަތުން ހިފާ ބޭރަށް ދަމާލިއެވެ. އެ ދޮރު ހުޅުވާފައި ރުހައިލު ބޮޑުކޮޓަރިއަށް އައިސް އަރުފީނުގެ ކޮނޑުގައި ކޮއްޓާލިއެވެ.

“މިހާރު އެއޮއްގެން ބާރަޖަހާ ދިޔައީ، އަހަރެން މިދަނީ ނިދަން، ނޫޅޭން ރުހައިލްއާ ވާހަކަދައްކާކަށް” ތުން އަނބުރާލާފައި އަރުފީނު ހިނގައިގަތުމުން އޭނާގެ އަތުގައި ރުހައިލް ހިފެހެއްޓިއެވެ.

“ޕްލީޒް، ހިނގާބަލަ، ވަރަށް ރީތި ކޭންޑްލްތަކެއް ހުންނާނެ، މިރޭ ކަރަންޓުދާނެއޭ ބުނެފައޮތީ” ރުހައިލު މިހެން ބުނުމާއެކު އަރުފީނުގެ ޚިޔާލު ބަދަލުވިއެވެ. އޭނާ ރުހައިލްއާއެކު ގޮސް ގުދަނަށް ވަނެވެ. އެތެރެއަށް ވަދެގެން ގޮސް ފޮށިގަނޑުތަކެއް ހުޅުވަން އަރުފީނު ގާތު ބުންޏެވެ. އެކަން ކުރުމަށް ކުޑަކޮށް އަރުފީނު ގުދުވެލި ވަގުތު އެހެން ކަމެއް ކުރާކަމަށް ހަދާފައި ރުހައިލު ދުއްވައިގަތީ ގުދަނުން ނިކުންނާށެވެ. ސިއްސައިގެން ދިޔަ އަރުފީނު ހަށިގަނޑު ތެދުކޮށްލުމާއެކު ދުއްވައިގަންނަން އިރުކޮޅެއް ނެގިއެވެ.

“ރުހެއިލް…” ލެއްޕިގެން ދިޔަ ދޮރާއެކު އަރުފީނު ހަޅޭލަވައިގަތެވެ. އެހެންނަމަވެސް އޭނާގެ އަޑު ހަތަރުފާރުގައި ޖެހިފައި އެނބުރި އޭނާގެ ކަންފަތާ ހަމައަށް އައެވެ.

ބާރުބާރަށް ހޭންފެށި ރުހައިލު ފާރުގައި ހުރި ސުވިޗު ނިއްވާލުމާއެކު އަރުފީނުގެ ދެ ލޯ ކަނުވިކަހަލައެވެ. ކުރިއަށްވުރެ ބާރަށް ހަޅޭލަވައިގަނެވުނެވެ. ހިތުގެ ހިނގުން އަވަސްވުމާއެކު އިންތިހާއަށް ދެ ލޯ ބޮޑުކޮށްލަމުން އަނދިރީގެ ތެރެއަށް ނަޒަރު ހިންގާލެވުނެވެ. އަދި ދޮރުގައި ދެއަތުން ތަޅައިގަންނަމުން ރުހައިލަށް ގޮވަންފެށިއެވެ.

އެއްވެސް އަޑެއް ގުދަނުން ބޭރެއްނުވެއެވެ. އެހެންވިޔަސް އަރުފީނު ހަޅޭލަވާނޭކަން ރުހައިލަށް އެނގޭކަހަލައެވެ. ހީނހީނފައި ހަރުގަނޑު ކުރިން ހުރި ގޮތަށް ގުދަނުގެ ދޮރުގައި ޖައްސާފައި ރުހައިލު ބޮޑުކޮޓަރިއަށް އައެވެ. އޭނާ އައިސް ސޯފާއަށް ވެއްޓިގަންނަމުން އަނެއްކާ ވެސް ހީނގަތީ ހުނުން ނުހިފޭއްޓިގެން އުޅޭ މީހަކު ހެންނެވެ.

“މާ މަޖާކަމަކަށް ކިހިނެއްވީ” ފަޒަލްއަށް ރުހައިލަށް ވާގޮތް ފެނިފައި ވީގޮތެއް އޮޅުން ނުފިލުވާ ނީނދެވިގެން އެހިއެވެ.

“މިހާތަނަށް ކުރެވުނު އެންމެ މޮޅުކަންތައް ކޮށްލާފައި މިއައީ…” ރުހައިލު ހެމުންހެމުން ބުނެލިއެވެ.

“އަރުފީނަށް ޖެއްސުމެއްކޮށްލާފައި ދޯ ތިއައީ؟ ތިހެން އުޅެފައި އެންމެފަހުން އޭނައާ ހިތާވާނީކީ ނޫން” ކަންފަތަށް ޖަހާފައި އޮތް ހެޑްސެޓް ނަގަމުން ފަޒަލް ބުނެލިއެވެ.

“ހިތާވިޔަސް ހިތާވާނީ ފަޒަލްއާ ހެދި، އަހަރެން ފޫހިވެގެން މަރުވާއިރު ވެސް ފަޒަލް ބަލަނީ މާފޮޅުވޭތޯ، ހަތަރުދަމު މިލާން… މިލާން… އެ ނޫން ކަމެއް މިހާރު ނޯވޭ” ސޯފާގޮނޑީގެ އަތްގަނޑުގައި ފައިއަޅުވާލަމުން ކުރިއަށްވުރެ ބޮޑަށް ގޮނޑީގެ ތެރެއަށް ރުހައިލު ވެއްޓިގަތެވެ.

“ރުހައިލު ވެސް ކުއްޖަކާ ރައްޓެހިވެބަލަ، ކީއްވެތަ ހުސްކޮށް ތިހުންނަނީ، މިއޮއްބޮޑު ދުނިޔޭން ވެސް ކަމުދާ އެންމެ އަންހެންކުއްޖަކު ވެސް ނެތީތަ؟ ޔުނިވަރސިޓީ ތެރެއިން ވެސް ކިހާ އަންހެންކުދިންނެއް ފެނޭ… ހަމައެކަކު ވެސް ކަމުނުދަނީތަ؟ މިހާރު މީ ސިންގަލްކޮށް ތިބެންވީ އުމުރެއްނޫނޭ، ޔަންގުކޮށް ތިއްބާ މެރީ ކުރަންވާނެ، އެހިސާބަށް ދެވޭނީ މިހާރު ރިލޭޝަންޝިޕެއް ފެށީމައެއްނު” ކުޑަދުވަސްކޮޅެއްގެ ތެރޭގައި ފަޒަލްއަށް ބޮޑުބަދަލުތަކެއް އައިސްފިކަން ރުހައިލަށް ފާހަގަވިއެވެ.

“ސިންގަލްކޮށް ނުތިބޭން ވަކިއުމުރެއް އޮންނަކަމެއް އަހަރެން ނުދެނަހުރިން، ފަޒަލްއަށް ކަމުދާ އަންހެންކުދިން ފެނުނަސް އަހަރެން ހިތްކިޔާވަރުގެ ކުއްޖަކާ ދިމައެއްނުވޭ، ދިމާވީމަތާ ފަޒަލްހެން އަބަދު ފޯނުގައި އޮންނާނީ” ރުހައިލު ބުނެލިއެވެ.

“ހިތްކިޔާވަރުގެ ކުއްޖަކު ނެތީއެއްނޫން، ރުހައިލު ބޭނުންވާ މިނިވަންކަން ގެއްލިދާނެތީ ފަސްޖެހެނީ، ރުހައިލު ދެކެ ލޯބިން މަރުވާވަރުގެ އަންހެންކުދިން ވެސް އެބަތިބި، ހުތުރީކީނޫން، ސުޕަރމޮޑެލުންހާ ރީތި….” ފަޒަލްގެ ވާހަކަ ހުއްޓުވާލީ ރުހައިލެވެ.

“ތިބުނަންއުޅެނީ ވިޝާކާގެ ވާހަކަތަ؟ ފަޒަލް، އަހަންނަކަށް ނޭނގެ، އޭނާ ކިތަންމެ ރީއްޗަސް އަހަރެން ލައިކްވާ އެއްވެސް ގޮތެއް އޭނާގެ ނުހުރޭ، ފަޒަލް، މިލާންއާ ރައްޓެހިވީމަ އަހަރެންވީ ވިޝާކާއާ ރައްޓެހިވާން، އެވެސް މިލާންގެ ބެސްޓްފްރެންޑަށްވީމަ… ނުވާނެ އެކަމެއް” އެހެންފަހަރުތަކެކޭ އެއްގޮތަށް ރުހައިލު ވަގުތުން ދެކޮޅުހެދިއެވެ.

* * * *

“ކީއްވެތަ މިވާހަކަދައްކާ ކޮންމެ ފަހަރަކު އާތިޤާ ދެކޮޅު ހަދަނީ؟ އަހަންނަށް އެނގޭ އަރުފީނު ދުރުގައި ހުންނާތީ އާތިޤާ އެކަމާ ދެރަވާކަން، އެ ކުއްޖާ ގެންނަން ބޭނުންވާކަން ވެސް، އެހެންވެ އެހެން އެހެނީ” ބޮޑުކޮޓަރީގައި އިން ލުތުފީ، އޭނާގެ ކުރިމަތީގައި ހުރި ސޯފާގައި އިން އާތިޤާއާ ވާހަކަދެއްކިއެވެ.

“ދެކޮޅު ހަދަނީއެއްނޫން، އަރުފީނު ވަރަށް ކަންބޮޑުވާނެ ހުރިހާކަމެއް އެނގިއްޖެއްޔާ، ދޮންބޭބެ ވެސް ބުނީ ކިޔަވާ ނިމެންދެން އަރުފީނު އެމީހުންގެ ގާތުގައި ބެހެއްޓުމަށް، މި ހުރިރާ ކަންތައްގަނޑެއް އޭނާއަށް އެނގި ކިޔެވުމަށް އަސަރުކޮށްފާނެތީ އަހަންނަށް ވެސް އެގޮތް އެންމެ ރަނގަޅީ” އާތިޤާ މިހާތަނަށް ނުބުނެ ހުރި ވާހަކަ ލުތުފީއާ ޚިއްޞާކުރިއެވެ.

“ސޮފޫރާ ރަނގަޅުވުމުން ކޮންމެހެން އެގޭގައި ބެހެއްޓުން މުހިއްމެއްނޫންހެން ހީވަނީ، އަރުފީނަށް ވެސް މާ ރަނގަޅުވާނެ އާތިޤާގެ ކައިރީ ހުރުން، އެކަމަކު މިހެން މިބުނީ ޝާރުދާމެން ގޯސްވާނޭތީއެއްނޫން….” ލުތުފީގެ ވާހަކަ ނުނިމެނީސް އާތިޤާ ވާހަކަދައްކަންފެށިއެވެ.

“ދޮންބޭބެއާ މަޝްވަރާނުކޮށް އަރުފީނު ގެންނާކަށް ނުކެރޭނެ، އަރުފީނު ގުޅާއިރު އޭނާގެ ވާހަކަތަކުން އެނގޭ އެގޭގައި ހުންނަނީ އުފަލުންކަން، ދަތިވާކަމެއް ނޯވޭކަން، ޝާރުދާއަކީ ވަރަށް ހެޔި މީހެކޭ އަބަދުވެސް ކިޔާނެ، އެހެންވެ އެހާވަރުން ގެންނަން ބޭނުންނުވަނީ، އަރުފީނު ވަރަށް ސުވާލު ގިނަވާނެ، އޭނާއަށް ކުޑަކުޑަ ހީއެއް ވިޔަސް އެކަމުގެ ހަޤީޤަތް ހޯދަން އުޅޭނެ، ލުތުފީ، އަރުފީނާމެދު އަހަރެން ވެސް ވިސްނަމޭ، އަހަރެންގެ މި ނިންމުން ބަދަލުކުރަން ނޫޅޭ، މިގެއަށް އަރުފީނު ގެންނަ ވާހަކަ ލުތުފީ ދެން ދައްކަންވާނީ ދޮންބޭބެ ކައިރީ” އާތިޤާ ބުންޏެވެ.

“ޙައިދަރުގެ ގޮތް އަހަންނަށް އެނގޭ، އޭނާ ވެސް އެހުންނަނީ މިގެއަށް ނާންނަވެގެން، ވީއިރު އޭނާގެ ދަރިފުޅު މިގެއަށް ފޮނުވާނެތަ؟ އަހަންނަށް ވަރަށް ކަމުދޭ ޙައިދަރުގެ އެހުންނަ މިޒާޖު، ގެންގުޅޭ އުސޫލުތަކުގެ ހަރުދަނާކަން ކުޑަދުވަސްކޮޅެއްގެ ތެރޭ ވެސް ވަނީ ފާހަގަވެފައި، އެހެންވެ ވަރަށް ބޭނުން ދެމީހުން ޚިއްޞާވާ ވިޔަފާރިއަކަށް މިހާރު މިއޮތް ވިޔަފާރި ފުޅާކޮށްލަން، ޙައިދަރުގެ ވިޔަފާރިއަށް ވެސް ކުރިއެރުން ލިބޭނެއެއްނު، އާތިޤާ މި ވާހަކަ ދައްކަބަލަ ޙައިދަރާ… ދެނެއް އަރުފީނުގެ ވާހަކައެއް ނުދައްކާނަން، އެކަމަކު އާތިޤާ އަހަރެން މިބުނި ކަންތަކުގައި އެހީވެދޭންވާނެ، ދެމީހުންގެ ވިޔަފާރިއެއްކޮށްލުމުން ރާއްޖޭގެ ނިސްބަތުން އެންމެ ބޮޑެތި ވިޔަފާރި އޮންނަ މީހުންގެ ތެރޭގައި އަހަންނާ ޙައިދަރުގެ ނަން ވެސް އޭރުން ނުހިމެނިއެއްނުދާނެ” ލުތުފީ ބުނެލިއެވެ.

“ވިޔަފާރީގެ ވާހަކަދައްކާކަށް އަހަންނަކަށް ނޭނގޭނެ، ލުތުފީގެ ވާހަކަ ދޮންބޭބެ އަޑުއަހާނެ، އަންނަމަހު އަރުފީނުގެ އުފަންދުވަހަށް ދޮންބޭބެ މާލެ އަންނާނެ، އައިސްފައި މިކޮޅުގައި ހަފްތާއެއްވަރު ކޮށްފައި ރަށަށް އެނބުރިދާނީ، ޙައިދަރު ބޭނުން ވާހަކައެއްދައްކަން ވަގުތު ލިބޭނެއެއްނު…. ދެން ދަނީ ނިދަން، ސޮފޫރާ ނޭނގެ އަދިވެސް އެނދުގައި އޮށޯންކަމެއް” ވަރުބަލި ގޮތަކަށް އާފުރިލަމުން އާތިޤާ ތެދުވެގެން އެތެރެއަށް ހިނގައިގަތެވެ. ލުތުފީ ބޯޖަހާލަޖަހާލާ ސޯފާގައި އިނެވެ. ޙައިދަރު މާލެ އަންނަން އުޅޭތީ އެކަމާ ހިތްހަމަޖެހިފައެވެ.

* * * *

ދައްކަމުންދިޔަ ވާހަކަ އިތުރަށް ކުރިއަށް ގެންދާކަށް ފަޒަލް ގަސްދެއްނުކުރިއެވެ. އެހެންވެ މައުޟުޢު ބަދަލުކޮށްލިއެވެ. ދެ ޒުވާނުން ވާހަކައިގައި ތިބިއިރު ގަޑިން ވީއިރެއް އެކަކަށް ވެސް ނޭނގެއެވެ. ނަމަވެސް ކުއްލި ހައިރާންކަމެއް ލިބިގެން ދިޔައީ ލައްޕާފައި ހުރި ބޮޑުކޮޓަރީގެ ދޮރު ކުއްލިއަކަށް ހުޅުވިގެން ދިއުމުންނެވެ. ދެ ޒުވާނުންނަށް އެއްފަހަރާ ކޮޅަށް ތެދުވެވުނެވެ.

“ޝާރުދާ… ޝާރުދާ….” ހަލުވިކޮށް ހިނގާފައި ސިޑިއާ ދިމާލަށް ދިޔަ ޝާރުދާއަށް ގޮވަމުން މަލީކު އެތެރެއަށް ވަދެގެން އައެވެ. ހައިރާންވެފައި ފަޒަލް އާއި ރުހައިލު އެ މަންޒަރު ބަލަންތިއްބެވެ. ދުވަހަކު ވެސް ނުފެންނަ މަންޒަރެއް ވީމައެވެ. މަލީކު އާއި ޝާރުދާ ދެބަސްވާތަން އެމީހުން ދުވަހަކު ވެސް ނުދެކެއެވެ. ނަމަވެސް ޝާރުދާ ހުއްޓުމެއްނެތި ސިޑިން އަރައިގެން ދިޔަ ގޮތުން ވެސް އޭނާ ހުރީ ކޮންމެވެސް ކަމަކާ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައި ކަން ރުހައިލާއި ފަޒަލްއަށް އެނގުނެވެ.

“ދަރިފުޅު އަދިވެސް ނުނިދަންތަ؟” ރުހައިލު އާއި ފަޒަލް ތިބިގޮތް ފެނި ބޮޑުކޮޓަރީގެ މެދާ ހަމައިން މަލީކު ހުއްޓިފައި އަހާލިއެވެ.

“ނިދަން ދާން މިއުޅެނީ، ބައްޕަ ބުނުއްވީމެއްނޫންތޯ ހަފްތާއެކޭ…” ރުހައިލު ސުވާލުގެ ނަޒަރަކުން ބަލަންހުރެ އަހާލިއެވެ.

“ހުރިހާކަމެއް ނިމުނީމަ އަވަހަށް އައީ، ދެ ކުދިން ދޭ ނިދަން” މަލީކު ޖަވާބުދިނީ ނިކަން އަވަސްއަރުވާލާފައެވެ. އަދި ލިފްޓާ ދިމާއަށް ދިއުމުގެ ބަދަލުގައި މަލީކު ވެސް ސިޑީގެ އެއްހަރުފަތް ދޫކޮށް މައްޗަށް ދުވެފައި ކަހަލަ ގޮތަކަށް އެރިއެވެ.

“ޝާރުދާ! މިހާރު ދެން ރުޅި މަޑުކުރަންވެއްޖެ ކަންނޭނގެ” ކޮޓަރިއަށް ވަދެ ދޮރުލައްޕާ ތަޅުލަމުން މަލީކު ބުނެލިއެވެ.

“މަލީކު ތީ އިޒުވާނުގެ ބައްޕައެއް ނޫންތަ؟ އޭނާގެ މައްޗަށް ބަސްކިޔެންވާނެއެއްނު، އޭނާ ޝެރީލްއާ ކައިވެނިކުރީމަ އޭގެ މާނައަކީ އެމީހުންނަށް އަހަރުމެންގެ ދަރި ވިއްކާލިއްޔޭތަ؟” ފްލައިޓުގައި ހޭދަކުރި ހުރިހާ ވަގުތަކު ނޭވާ ހިފަހައްޓާލައިގެން ކަހަލަ ގޮތަކަށް އިން ޝާރުދާއަށް ރޮވިއްޖެއެވެ.

“މަސްލަހަތަށްޓަކައި އަހަރެން އެއްޗެއް ނުބުނީ، އިޒުވާނަކީ އަހަރުމެން ދެމީހުންގެ ދަރިއެއް، އެކަމަކު ދަރިންގެ މައްޗަށް ނުފޫޒު ނުފޯރުވޭ ހިސާބަށް ކަންތައް ދިއުމުން އެކަން ކުރަން އުޅުމަކީ ބޭކާރުކަމެއް، ހަމަގައިމު ވެސް ނޭޞަހަތްތެރި ނުވެޔޭ ނުބުނެވޭނެ، އަހަރެން ހާދަ ވަރަކަށް އިޒުވާނަށް ވިސްނައިދިނީމޭ، އޭނާއަށް މިކޮޅުން ގެއަށް ގަނެދޭން ބުނީމާ ވެސް އޭނާ ބޭނުމެއްނުވި، އޭނާ މިކޮޅުގައި އުޅޭކަށް އެއްގޮތަކަށް ވެސް ބޭނުމެއްނުވޭ، އޭނާ ލަންޑަން ދޫކޮށްފައި މާލެއެއް ނާންނާނެ، ޝާރުދާ… އަހަރެން ވެސް ބޭނުންވިގޮތެއް ނޫން މިއީ، އެކަމަކު ދެން މިނޫން ގޮތަކަށް ކަންތައްވާކަށް ވެސް ނެތް، ދަރިފުޅާ މައްސަލަޖެހުމުން މިހާރު މިއޮންނަ ގުޅުން ވެސް ކެނޑިދާނޭތީ އަހަރެން ކަންބޮޑުވޭ، ދެން ނުރޮއެ… ޝާރުދާ ހިތްހަމަނުޖެހިގެން ރޯތަން ފެނުނީމާ އަހަންނަށް ވަރަށް އަސަރުކުރޭ، އިނދެގެން މިހާ ދުވަސްވީއިރު ޝާރުދާ ދެރަވާފަދަކަމެއް އަހަރެން ނުކުރަމެއްނު” ފުންނޭވާއެއް ބޭރުކޮށްލަމުން މަލީކު އައިސް ޝާރުދާގެ ގާތުގައި އިށީނެވެ.

“ކުރިން ވެސް އަހަރެން ހިތަށް އެރި އެމީހުންގެ ފައްޅިއަކަށް އިޒުވާނު ގެންދާނެއޭ، މަލީކު އެކަން ހުއްޓިވިނަމަ، އަހަރުމެންގެ ދީނުގައި އޮންނަގޮތެއް ނޫނެއްނު އެއީ، މަލީކު…. އަހަރުމެންނަށް އިޒުވާނު ދެން އެގެއްލުނީތަ؟ އެކުއްޖާ ދުވަހަކު ވެސް ދެން ނާންނޭ ދޯ މިފަސްގަނޑުގައި އުޅޭކަށް” ޝާރުދާގެ ކޮނޑުގައި މަލީކު އަތްޖައްސާލުމުން ޝާރުދާ އައިސް އައިސް މަލީކުގެ މޭގައި މޫނުފޮރުވާލިއެވެ.

“ދަރިއެއްގެ ކައިވެނި ނިމިގެންދާއިރު ލިބެންވާ އުފަލާ ހިތްހަމަޖެހުމުގެ އެއްވެސް މިންވަރެއް އަހަންނަށް އިހުސާސެއްނުވޭ” އިހުނަށްވުރެ ބޮޑަށް ޝާރުދާ ގަޔާ ކައިރިކޮށްލަމުން މަލީކު ބުނެލިއެވެ.

ރުހައިލުގެ އެނދުގެ ހުރަހަށް ދެ ޒުވާނުން ވެއްޓިގަނެގެން ތިއްބެވެ. ފަޒަލް އާއި ރުހައިލުގެ ބޯ އޮތީ އެނދުން ބޭރަށް އެލުވާލައިގެންނެވެ.

“މެހެނާޒު އާންޓީ ނާންނަނީތަ؟” ރުހައިލު އަހާލިއެވެ.

“ނޭނގެ، މި ދަތުރު މާރަނގަޅު ހެނެއްހިޔެއްނުވޭ، އެހެންވީމަ ޚަބަރެއް ނުވެވެސް ހުރެދާނެ، ހެނދުނުން އެނގޭނީ ވީގޮތެއް ވެސް، އަންކަލް ގޮވަގޮވާ ހުއްޓާ ދުވަހަކު ވެސް ޝާރުދާ އާންޓީ އެހެން ނުދެއެއްނު، އައި އެމް ޝުއަރ، ކޮންމެވެސް ބޮޑުކަމެއްވެއްޖެ” ފަޒަލް ވިސްނަމުން ވާހަކަދެއްކިއެވެ.

“ދޮންބެ ވެސް އުޅޭގޮތުން އެހެންއެވަނީ، ޝެރީލް ކަހަލަ އަންހެންކުއްޖަކު މަންމައަށް ކަމުނުދާނެކަން ހަމަ ރަނގަޅަށް އެނގޭނެ، އަބަދު ވެސް ވެސްޓަރން ކަންކަމަށް މަންމަ ފާޑުކިޔާނެ، އެހެންވީމަ މަންމަ ގަސްދުގައި ދެރަކުރަންވެގެން ކުރިކަމެއްނުއެއީ، މޭބީ އައި ތިންކު، މުއްސަނދިކަމުން ސްޕޮއިލްވެފައި ހުރި އަންހެނެއް އެ ޝެރީލްއަކީ… ޝެމްޕޭންފުޅި ހިފާލާފައި އަހަރުމެންގެ ރޫމަށް އައިގޮތް އެނގެއެއްނު، އަހަރެން ވަރަށް ފޫހިވި އެރޭ ދޮންބެގެ އުޅުން ހުރިގޮތް އެނގިފައި، މަންމަ ކިތަންމެ ހަޅޭލެވިޔަސް އަސްލު ވަރަށް ލޯބިވާކަން އެނގޭ، މަންމަ އާއި ބައްޕަ ކިހާވަރަކުން އަހަރުމެން މިވަރުކުރީ، އެހެންވީމަ އެވަރު ދަންނަންވާނެ ކަންނޭނގެ އަހަރުމެން ވެސް، އެމީހުން އަހަރުމެންނަށް ނުބައި ނަސޭހަތެއްނުދޭނެ” ރުހައިލަށް ވިސްނުނުގޮތުގައި ޝާރުދާ އާއި މަލީކުގެ ދެމެދު އުފެދިގެން އުޅޭ ހިތްހަމަނުޖެހުމުގެ ޒިންމާ ނަގަންޖެހޭ ފަރާތަކީ އިޒުވާނެވެ. އޭނާގެ ބޭބެއަށް ވިޔަސް އިޒުވާނުގެ އުޅުން ހުރި ގޮތާއި އަދި އޭނާ މައިންބަފައިންގެ އުފާތަކަށް ނުވިސްނާތީ އެކަމާ ރުހައިލު ވަރަށް ބޮޑަށް ނުރުހުންވެއެވެ.

* * * *

ދެ އަތުގައި ހުރި ބާރެއްލާފައި ދޮރުފަތުގައި ޖެހުމުން ވެސް ދޮރަށް ކުޑަ ވެސް އެނގުމެއްނުވިއެވެ. ހަޅޭލަވަލަވާ އަރުފީނުގެ އަރުބެދޭގޮތްވެއްޖެއެވެ. އޭރު ދެލޮލުން ހޯސްލަފާފައި ކަރުނަފައިބަންފަށައިފިއެވެ. ބިރުގެންފައި ހުރިވަރުން ނުބައި ޚިޔާލުތައް އޭނާ ވަށާލާ އަނދިރިކަމުގެ ތެރޭ ފިއްތާލަން މަސައްކަތްކުރަމުންދިޔައެވެ. އެއްއަތް ދޮރުފަތުގައި ޖައްސާލައިގެން ހުރެ ދޭތެރެއަކުން އަނދިރިކަމުގެ ތެރޭ އަނެއްއަތް ހޫރާލައެވެ. އެހެންހުއްޓާ ދޮރުގައި ވިއްދާލައިގެން ހުރި އަތުގެ މުލައްދަނޑީގައި އެއްޗެއް ހިރިލިހެން ހީވިއެވެ. މަޑުމަޑުން ލާފައިހުރި ޓީޝާޓުކޮޅުގެ ކުރު އަތްކޮޅާ ދިމާލަށް އެއްޗެއް އަރާކަން އަރުފީނަށް ޔަޤީންވުމުން އަނެއްއަތުން ފޮޅާލެވުނެވެ.

“މަންމާ…. ހެޔޮނުވާނެ، އަހަރެން މިތަނުން ސަލާމަތްކުރޭ” އަތުގައި ދިރޭ ސުއިތްޕެއް ޖެހުމުން އަރުފީނުގެ ހިތްނުހުއްޓުނީ ކިރިޔާއެވެ. ތަނެއްދޮރެއް ނުފެނުނުކަމުގައި ވިޔަސް ގުދަނުގެ ތެރެއަށް ދުއްވައިގަނެވުނެވެ. އެވަގުތު އަޅައިގަނެފައި ފޮށިގަނޑަކާއެކު މީހާ އަނގަވަތަށްވެއްޓުނެވެ. އެހިނދު ކޯތާފަތް ގޭނިގެންދިޔައީ ބަހައްޓާފައި ހުރި ބަސްތާގައި މޫނުޖެހި ވެއްޓުމުންނެވެ. ހަމަވެއްޓުމާއެކު ފުންމައިގެން ތެދުވެ އަނެއްކާ ވެސް ދުއްވައިގަތެވެ. މިފަހަރު މީހާ މަތަވީ ހުރަސް ފިލާގަނޑެއްގައި މޫނުޖެހިފައެވެ. ދިއްކޮށްގެން ހުރި އަތަށްވުރެ މަތީގައި ފިލާގަނޑު ހުރުމުން އަރުފީނަށް ނޭނގުނީއެވެ. ކުއްލިއަކަށް ނޭފަތާއި ނިތްކުރިއަށް ވީތަދުން މޫނުގައި ދެއަތް އަޅާލެވުމާއިއެކު ހުރި ދިމާއަށް ތިރިވެވުނެވެ. އިރުކޮޅަކު އެހެން އިންދާ މޫނާއި އަތް ތެމޭފަދަ އިހުސާސެއް ކުރެވިގެން ނޭފަތްކައިރީ އާއި ނިތުގައި އަތްލެވުނެވެ. ނުފެނުނު ކަމުގައި ވިޔަސް ލޭއަންނަނީކަން އަރުފީނަށް އެނގުނެވެ. ލައިގެން ހުރި ޓީޝާޓު ވަކިވަރަކަށް ހިއްލާލުމާއެކު ނޭފަތުގައި ޖައްސާލެވުނެވެ. އަދި އެއްއަތުން ތިރީ ތަޅުމުގައި އަތްހާކަމުން އައިސް ފާރެއްގައި އަތްޖެހުމުން ވަށައިގެން ކައިރީގައި ހުރި އެއްޗެއް ބެލުމަށް އަތްހޫރަން އަރުފީނު ފެށިއެވެ. އެއްފަރާތުގައި ބޮޑު ބާލިދީއެއް ހުރިއިރު އަނެއްފަރާތުގައި މަތިމައްޗަށް ޖަހާފައި ހުރި ފޮށިތަކެއް ހުރިކަން އެނގުނެވެ. އެ ދޭތެރެއަށް އަރުފީނު ވަދެ ދެކަކޫ ގެނެސް މެޔާ ކައިރިކޮށްލައިގެން މީހާ ކުޑަވެލައިގެން އިނެވެ. އޭރު ވެސް އޭނާއަށް ރޮވެނީއެވެ. ދެލޯ މަރާ ބާރުކޮށްކޮށްފައި ހުޅުވަނީ އެ އަނދިރިކަމުގެ ތެރެއިން ތަނެއް ފެނޭތޯއެވެ. އެހެން ހަދާލުމުން ކޮންމެވެސް ވަރަކަށް ހިޔަނިފެންނަހެން ހީވެއެވެ. އެކަމަކު ހިޔަންޏެއް ސިފަވިޔަސް ހިތް ބިރުގެންފައި އިނުމުން ހީވަނީ ނުބައި ސިފަސިފަ ފެންނަހެނެވެ. އެހެންވެ ގޮތެއް ވިޔަސް ދެ ލޯ ނުހުޅުވަން ނިންމައި އަރުފީނު ދެ ލޯ މަރާ ބާރުކޮށްލިއެވެ. އެހެންވިޔަސް ކޯތާފަތުން ފައިބަމުން ދިޔަ ކަރުނަ ހިކޭގޮތެއް ނުވިއެވެ. އެހެންއިނދެ މަޑުމަޑުން ދުޢާކުރަމުން ދިޔައީ ކޮންމެވެސް މީހަކު އައިސް އޭނާ އެތަނުން ނެރެދޭތޯއެވެ.

* * * *

ހެނދުނު ހޭލައިގެން ރުހައިލު ތިރިއަށް ފޭބިއިރު ބޮޑުކޮޓަރިތެރޭގައި އެންމެން ތިއްބެވެ. މެހެނާޒު އާއި ޝުއައިބު ވެސް އެވެ. އެންމެން ވެސް ފެންނަނީ ވަރަށް ހަމަޖެހިލާފައި ތިބިތަނެވެ. ރުހައިލަށްވުރެ ކުރިން ފަޒަލް ތެދުވެގެން އައިސް އިނީ ޢާއިލާގެ މެންބަރުންގެ ގާތުގައި ބޮޑުކޮޓަރީގެ ސޯފާގައެވެ. ކޮންމެވެސް ކަމަކާ އެމީހުން މަޝްވަރާ ކުރަނީހެން ވެސް ރުހައިލަށް ހީވިއެވެ. ކުއްލިއަކަށް އޭނާ ފެނުމުން އެމީހުން ދައްކަން ތިބި ވާހަކަ މެދުކަނޑާލީތީއެވެ.

“ސައިބޯންވީނު، މަންމަމެން ނެތީމަ ނިދަނީ ވެސް ބޭނުންއިރަކު ދޯ” ޝާރުދާ ތެދުވެގެން ރުހައިލާ ދިމާލަށް އަންނަންފެށިއެވެ.

“ނޫން މަންމާ، މިއަދު ބަންދު ދުވަހެއްވީމަ ރޭގައި އެހާ ލަސްވަންދެން ތިބީ، މަންމަ ނަޔަސް އަޅުގަނޑު ވަރުޝާ ގާތު ބުނެފާނަން ސައިހަދައިދޭން” ލާފައި ހުރި ދޫހަރުވާޅުގެ ޖީބަށް އެއްއަތް ޖަހާލަމުން ރުހައިލު ބުންޏެވެ. އަދި އަނެއްއަތުން އޭނާގެ ތެތްއިސްތަށިގަނޑު ރީތިކޮށްލަމުން ކާކޮޓަރިއާ ދިމާލަށް ހިނގައިގަތެވެ. ހިނިތުންވެލައިގެން ޝާރުދާ އޭނާގެ ދަރިފުޅަށް ބަލަންހުއްޓެވެ.

“ޝިޓް… އޯ ނޯ…” ސައިބޯން މޭޒުކައިރީ އިށީނދެ ސީރިއަލް ތަށިން ދެ ސަމްސާ އަނގަޔަށް ލަމުން ދޮންކެޔޮވަށް ނޮޅާލި ރުހައިލު ސިހިފައި ބުނެލިއެވެ. ފުންމައިގެން ގޮނޑިން ތެދުވީ ބިރެއް ފެނިގެން ތެދުވިހެނެވެ. އޭނާ ހަލުވިކޮށް އައިސް ހަވާދުގެ ބާވަތް އަތުރާފައި ހުރި ހަރުގަނޑު ދުރަށްޖައްސާ ގުދަނުގެ ދޮރުގައި ހިފާ ދަމައިގަތެވެ. އަދި ފާރުގައި ހުރި ސުވިޗު ޖައްސާލަމުން ދުވެފައި އެތެރެއަށް ވަނެވެ. ބާލިދީއެއް ކައިރީ އިން އަރުފީނު ފެނި ރުހައިލު ދެ ލޯ ބޮޑުކޮށްލެވުނެވެ. ކަކުލުގައި ވަށާލާފައި އޮތް ދެއަތުގެތެރޭ މޫނު ފޮރުވައިގެން ތުރުތުރުއަޅައަޅާއިން އަރުފީނުގެ ގާތަށް ރުހައިލު އައިސް ހުއްޓުނެވެ. އަދި އެއްފައި މައްޗަށް ތިރިވެލަމުން އަރުފީނުގެ ކޮނޑުގައި އަތްޖައްސާލިއެވެ. އެއާއެކު ފުންމައިގެން ދިޔަ އަރުފީނުގެ ލޮލަށް ތަނަށްވެރިވެފައި އޮތް ގަދަ އަލިއެޅި ކައިރީގައި ހުރި މީހާ ވަތްކެއްނުވިއެވެ. ދެއަތުން ތަޅާއިގަންނަމުން އަރުފީނު ރޮއެގަތެވެ. ކަންބޮޑުވެފައި ރުހައިލު، އަރުފީނުގެ ގައިގާ ހިފަހައްޓާލިއެވެ. އަރުފީނުގެ މޫނާއި ހެދުމުގައި ލޭހުރުމުން އިތުރަށް ރުހައިލު ކަންބޮޑުވިއެވެ. އަރުފީނު ހަޅޭލަވަމުން ރުހައިލުގެ ގައިގާ ތަޅަމުންދިޔައެވެ. ގަދަކަމުން ކަހަލަ ގޮތަކަށް ރުހައިލު އަރުފީނުގެނެސް އޭނާގެ ގަޔާލާ ބޮނޑިކޮށްލިއެވެ.

“އައެމް ސޮރީ… ސޯ ސޮރީ… އަރުފީނު، އައެމް ސޮރީ…” ދެއަތުން ގެނެސް ރުހައިލުގެ އަތުގެ ހިމާޔަތް އަރުފީނަށް ދެމުން އޭނާ ބުނަމުންދިޔައެވެ. ކުއްލިއަކަށް އަރުފީނަށް ވީގޮތެއް ނޭނގި ރުހައިލުގެ އަތުގެތެރެއަށް އޭނާ ދެމުނެވެ. އޭރު ރުހައިލުގެ ހިތަށް ވެސް އަސަރުތަކެއްވަނީ ކޮށްފައެވެ. އަތްދަނޑިމައްޗަށް އަރުފީނު އުފުލާލާފައި އެނބުރިލި އިރު ގުދަނުގެ ދޮރުމަތީ މަލީކު އާއި އެންމެން ހައިރާންވެ ދެ ލޯ ބޮޑުވެފައި ތިއްބެވެ.

“ބައްޕާ! އަޅުގަނޑު…” މަލީކު ބަލަންހުރިގޮތް ފެނިފައި ވާހަކައެއް ދެއްކޭތޯ ރުހައިލު އުޅުނެވެ. އެވަގުތު އެންމެންގެ ކުރިއަށް ޖެހިލައި ގުދަނުގެ ތެރެއަށް ވަން ޝާރުދާއަށް ރުހައިލުގެ އަތްދަނޑިމަތީގައި ހޭނެތިފައި އޮތް އަރުފީނު ފެނުމާއެކު ހަލުވިކޮށް އޭނާގެ ގާތަށް އާދެވުނެވެ.

“އަރުފީނު… ރުހައިލު… ދަރިފުޅު… ކިހިނެއްވީ އަރުފީނަށް؟” އަރުފީނުގެ ބޮލުގައި ޝާރުދާ ފިރުމާލިއެވެ.

އެއްވެސް އެއްޗެއް ނުބުނެ އަރުފީނު ގޮވައިގެން ރުހައިލު ނިކުތެވެ. އެއާއެކު ޝާރުދާ އޭނާގެ ފަހަތުން އައިސް އަރުފީނުގެ ކޮޓަރިއަށް އޭނާ ގެންދިއުމަށް ބުނެ މަލީކަށް ބަލާލިއެވެ. އޭރު މަލީކު ހުރީ ކަންފަތުގައި ފޯނު ޖައްސާލައިގެން މީހަކާ ވާހަކަދައްކާށެވެ. ޝުއައިބު އާއި ފަޒަލް އަވަސްވެގަތީ ރުހައިލަށް އެހީތެރިވާށެވެ. ހުއްޓުންއަރާފައި ހުރިފިޔަވަޅުމަތީ މެހެނާޒު ހުއްޓެވެ. ޝާރުދާ އައިސް މަލީކުގެ ގާތުގައި މަޑުކޮށްލަމުން އޭނާއަށް ބަލާލީ ކަންބޮޑުވެފައި ހުރެއެވެ.

“ޒިވަން ގާތު ބުނެފިން އައިސްދިނުމަށް” ފޯނުކޯލު ނިންމާލާފައި މަލީކު ބުނެލިއެވެ. ޒިވަންއަކީ މަލީކުގެ ޢާއިލާއަށް ސިއްހީ ލަފާ އަރުފާ އަދި ކުއްލިއަކަށް ދިމާވާ ކަންކަމުގައި އެހީތެރިވެދޭ ޑޮކްޓަރެވެ. މާލޭގެ ދެ ހޮސްޕިޓަލެއްގައި މަސައްކަތް ކުރުމުގެ އިތުރުން ކްލިނިކެއް ހިންގާ ޒިންމާދާރު މީހެކެވެ.

“ނަސީބެއްނު ޒިވަންއަށް އާދެވޭގޮތްވިކަން” ޝާރުދާ މިހެންބުނެ ހިނގައިގަތީ އަރުފީނުގެ ކޮޓަރިއަށް ދިއުމަށެވެ. މަލީކު ވެސް ހިނގައިގަތީ ޝާރުދާގެ ފަހަތުން ނަމަވެސް އޭނާ ހުރީ ބޮޑުފިކުރެއްގައި ހުންނަ މީހަކު ފަދައިންނެވެ.

“ރުހައިލު، ކީއްތިކުރީ… ދިޒް އިޒް ޓޫ މަޗް” އެނދުގައި އަރުފީނު ބާއްވާލާފައި ރުހައިލު ހިންދެމިލި ތަނާ އޭނާގެ ގާތުގައި ހުރެފައި ނިކަން ސިއްރުން ފަޒަލް ބުނެލިއެވެ. ފަޒަލްއަށް ބަލާލާފައި ރުހައިލަށް ބަލާލެވުނީ ޝުއައިބުއަށެވެ. އަދި އަރުފީންގެ އެނދާ ދުރަށް ދެތިން ފިޔަވަޅު އަޅާލަމުން އެ މޫނަށް ނަޒަރު ހުއްޓާލައިގެން ހުއްޓެވެ. އޭރު އޭނާގެ މޫނު މަތިން ވެސް ފެންނަނީ ކުރެވުނު ކަންތަކާ މާޔޫސްވެ ދެރަވެފައި ހުރިކަމުގެ އަސަރުތަކެވެ.

“ޒިވަން އެބަ އާދޭ، ….ވަރުޝާ، ދޭބަލަ ކުޑަތުވާލިކޮޅަކާ ފެންފޮދެއް ގެންނަން” ކޮޓަރިއަށް ވަދެގެން އައި ޝާރުދާ ވާހަކަދެއްކިއެވެ.

“ފަޒަލް، އާދެބަލަ ބައްޕައާއެކު” ޝުއައިބު މިހެން ބުނެ ކޮޓަރިން ނިކުންނަން ދިޔައެވެ. އޭނާގެ ފަހަތުން ފަޒަލް ހިނގައިގަންނަމުން ރުހައިލަށް އެއްފަހަރު ބަލާލިއެވެ. އޭނާގެ ފަރާތުން އެއްވެސް ހަރަކާތެއް ނުފެނުނެވެ.

ގިނަ އިރެއްނުވެ ޝާރުދާ ގެންނަން ބުނި އެއްޗެހި ހިފައިގެން ވަރުޝާ އައިސް އަރުފީނުގެ ކޮޓަރިއަށް ވަނެވެ. އޭރު އެނދުގެ މަގަތުގައި އަރުފީނުގެ ގާތުގައި އިށީނދެލައިގެން ޝާރުދާ އިނެވެ. ވަރުޝާ ގެނައި އެއްޗެހި އެނދުކައިރީ ހުރި ކުޑަކަބަޑު މަތީ ބަހައްޓާލުމާއިއެކު ޝާރުދާ ތުވާލިކޮޅު ނަގާ ކުޑަކޮށް ތެތްމާލާފައި އަރުފީނުގެ މޫނުގައި މަޑުމަޑުން ހާކާލިއެވެ. އަދި މޫނުގެ އެއްފަރާތާއި ނޭފަތާއި ތުންފަތްކައިރި ހިކިފައި ހުރި ލޭ ސާފުކުރަންފެށިއެވެ. އޭނާގެ މޫނުމަތިން އޭރު ވެސް ފެންނަމުން ދިޔައީ ކަންބޮޑުވުމެވެ. އަނގައިން ނުބުނެ އިންނަން ފެށުމުން ރުހައިލަށް އެގޮތް ކަމަކު ނުދިޔައެވެ. މަޑުމަޑުން ކުރިއަށް ޖެހިލާފައި ޝާރުދާއަށް ގޮވާލިއެވެ.

“މަންމާ! ސޮރީ… އަޅުގަނޑު ހިޔެއްނުކުރަން އަރުފީނަށް މިހެންވާނެކަމަކަށް” ރުހައިލު ބުންޏެވެ.

(ނުނިމޭ)

Leave a Comment

Your email address will not be published. Required fields are marked *