HEEVEY KALAA VAAHEN [EP-15]

( ހީވޭ ކަލާ ވާހެން، މި ވާހަކައަކީ 8 މެއި 2016 އިން 29 ޑިސެމްބަރ 2017 އަށް ޖުމްލަ 89 އެޕިސޮޑްގެ ގޮތުގައި ވީނިއުސްގައި ޝާއިރު ކުރެވުނު ވާހަކައެއް. )

“ޒާލް…. ދެން އަންނަން އުޅޭ… އައި އޭމް ސޮރީ… ޔަލާ އެހާލުގައި ވާތަން ދުށުމަށް އަހަންނަކަށް ކެތެއްނުވާނެ… ޒަލަފް… ކޮންތާކުތަވީ… ތި ހުރި ތަނަކުން އަންނަން އުޅޭ… އައިސް ޔަލާ ގޮވައިގެން މިތަނުން ދޭ… އެންމެނާ ދުރަށް އޭނާ ގެންދޭ… އޭނާއަށް ބޭނުންވަނީ ހަމައެކަނި ޒަލަފް… އެ ލިބޭ ވޭނުން އޭނާ ސަލާމަތް ކުރެވޭނީ ވެސް ހަމައެކަނި ޒަލަފްއަށް… ތި ހުރިތަނަކުން އާދޭ… އެހެންނޫނީ މާ ލަސްވެދާނެ… ޔަލާގެ ފުރާނަނެތް މަސްގަނޑާ ހަވާލުވާން ޖެހިދާނެ… އެއީ ޒަލަފް ބޭނުންވާ ގޮތެއްނޫންކަން އަހަންނަށް އެނގޭ… އަހަންނަށް މާފުކުރޭ… ޒަލަފްއާއި ޔަލާ ގުޅުމުގެ ކުރީން އެ ދެމެދަށް އަހަންނަށް ވަދެވިއްޖެ… މިހެން ވާނެއެކޭ ހިތަކަށް ނާރާ… ތީ އަހަންނާ އެއްރަހިމެއްގައި ވީ އަހަރެންގެ ބޭބެ… އަހަންނަށް ނުލިބޭ އެތައް ބާރެއް ޒަލަފްއަށް ލިބިގެންވޭ… އަހަރެންގެ މި އަޑު އަހާބަލަ… ކޮންމެތާކު ހުރި ނަމަވެސް ޔަލާގެ ގާތަށް އަންނަންވީ ވަގުތު ޖެހިއްޖެ…” ކޮޓަރީގެ ކަނުގައި ހަޝަމްބަދެލައިގެން ކަހަލަ ގޮތަކަށް ފާރުގައި ލެނގިލައިގެން ހުރެ އެނދުގައި އޮތް ޔަލާއަށް ބަލަހައްޓައިގެން ހުރި ޒާލިފުގެ ޟަމީރު ވާހަކަދެއްކިއެވެ. އާދައިގެ މަތީން އޭނާ ތެދުވީ ވާޅަކަށް ދެމިލާށެވެ. އޭނާގެ ބަދަލުގައި ރީހާން ކިޔަވަމުން އޭރު ދިޔައެވެ.

އަބްދުއްރަޢޫފާއި ރީހާން ކިޔަވަމުންދަނިކޮށް ކުއްލިއަކަށް ޔަލާގެ ނޭވާ ބަދަލުވަމުންދިޔައެވެ. ދެ ދުވަސްވަންދެން ޔަލާގެ ފަރާތުން އެއްވެސް ހަރަކާތެއް ނުފެނި ހުރެފައި ވާން ފެށި ގޮތެވެ. އަނގަ ނުހުޅުވާ އޮވެ ފުންނޭވާތަކާއިއެކު އަޑެއް ނެރެމުންދިޔައެވެ. އެތެރެއަށް ނޭވާ ދަމާލާއިރު ވަކިން އަޑު ގަދައެވެ. ނަމަވެސް ހަރަކާތެއް ނުކުރެއެވެ. ޔަލާއަށް އައި މި ބަދަލު އަބްދުއްރަޢޫފަށާއި ރީހާނުގެ އިތުރުން އެތަނުގައި ހުރި ޒާލިފަށް ވެސް ފާހަގަވިއެވެ. ނަމަވެސް އަބްދުއްރަޢޫފު އަތުން އިޝާރާތްކުރީ އިހަށް ޔަލާއާ ގާތް ނުވުމަށެވެ. އަދި ރީހާންގެ ކިޔެވުން ކުރިއަށް ގެންދިއުމަށެވެ. އޭގެ ފަނަރަވަރަކަށް މިނެޓު ފަހުން ތިން މީހުން ވެސް ސިއްސުވާލީ ކޮޓަރިތެރެއިން ބޯ މަތިން ކަހަލަ ގޮތަކަށް އިވިގެން ދިޔަ ގަދަ ފަދަ އަޑުންނެވެ. ހީވީ ވަރުގަދަ ބޮޑު ގަހެއް އިރައިގެން ގޮސްގެން ވެއްޓޭއިރު އިވޭ ފަދަ އަޑުފަށްގަނޑެއް ހެނެވެ. އެ އަޑަށް ކިޔެވުން ވެސް ހުއްޓިއްޖެއެވެ. ކިޔެވުން ހުއްޓުނުތާ ފަސްވަރަކަށް މިނެޓު ނުވަނީސް އެ މީހުންގެ މުޅި ނަފްސު ވެސް ރޫރޫއަޅާލާ ވަރު ވޭނީ ރުއިމަކުން ޔަލާ ރޮއިގަތެވެ. އޭރު ޔަލާގެ ރުއިމުގައި ދެ އަޑެއް އެކުވެގެން އަންނަހެން ވެސް ހީވެއެވެ. އެއްއަޑުން ހަޅޭލަވާހެން ހީވާއިރު އަނެއްއަޑުން ރޮނީއެވެ. ކަންބޮޑުވުމާއެކު އަބްދުއްރަޢޫފު ގޮނޑިން ތެދުވިއެވެ. އެއާއެކު އޭނާގެ ދެފަރާތުން ރީހާނާއި ޒާލިފު ގާތް ވެލީ އޭނާ ދޭ އިރުޝާދާ އެއްގޮތަށް ކަންތައްކުރާން އަވަސްވެގަތުމަށެވެ. ނަމަވެސް އެމީހުނަށް ޔަލާއާ ހަމައަށް ނުދެވެނީސް ޔަލާގެ ބަނޑު ފުއްޕަންފަށައިފިއެވެ. ދެފައި ފޭ ކުރަމުން ގޮސް އައްސައިފައި ހުރި ވާފަށަށް ވާންވަންދެން ދެފައި ދުރުކޮށްފައި ހުއްޓެވެ. އަރިއަކަށް ކަހަލަ ގޮތަކަށް ޔަލާ އޮތްއިރު އޭނާގެ ހަށިގަނޑު އެހެން މީހަކު ކޮންޓްރޯލު ކުރާ ފަދައެވެ. ވަރުނެތިގެން ކަނދުރާ އޮތީ އެލިފައެވެ. މެދުހަށި ފާޑަކަށް އުފުލިފައެވެ. ގައިމަތީގައި އަޅާފައި އޮތް ފޮތިގަނޑު ސޮހިގެން ގޮސް ދޭފައި ދޭތެރެއިން އެނދުމައްޗަށް އެއްބައި އެލިފައި އޮތެވެ.

“މިހާރު އެ ކުރާ އަނިޔާ ތަފާތު… ކޮންމެވެސް ކަމެއް ވާންހެން ހީވޭ މިއުޅެނީ… އެހެންވެ ކުއްލިއަކަށް ޔަލާއަށް އެވަރު އެ ކޮށްލަނީ… އެ މީހުން ބޭނުންވަނި ޔަލާ މަރާނުލާ އަނިޔާ ދީދީ ބާއްވަން…” މަޑުމޮޅިކަމާއެކު އަބްދުއްރަޢޫފު ބުންޏެވެ.

“ޔަލާ ފިޓު ޖެހިދާނެ… ކުރިން ފަހަރު ވެސް އައިވީ ކައްޓަށް ހަދާލަން އުޅުނުގޮތް އެއްގެއެއްނު… އޭނާގެ ގާތުގައި މިވަގުތު މީހަކު ހުރުން މުހިންމު… އޭނާ ހިފަހައްޓަން ޖެހޭނެ…” ކަންބޮޑުވި ރީހާން އަވަސް އަވަހަށް ބުނެލިއެވެ. އެއާއެކު އަބްދުއްރަޢޫފު ބޯޖަހާލިއެވެ. އަދި ކުރިއަށް ފިޔަވަޅު އަޅާލިއެވެ. އެހެންނަމަވެސް ކުއްލިއަކަށް އޭނާ ހުއްޓުނެވެ. ދެ ލޯ ބޮޑުކޮށްލުމާއެކު ރީހާންގެ ކަނާތުގައި ހިފައި ފަހަތަށް ދަމާލިއެވެ.

“އޭނާ ރަނގަޅުކުރާން އަތުވެއްޖެ… ދެން އޭނާއާ ކައިރިނުވާތި…” ހައިރާންވެ އަންތަރީސް ވެފައި ހުރި ފަދަ ގޮތަކަށް ދެ ލޯ ބޮޑުކޮށްގެން ކޮޓަރީގެ ސީލިންގުންފެށިގެން ތިރިއަށް ބަލާލި އަބްދުއްރަޢޫފު ބުންޏެވެ. އަދި އޭނާގެ ލޯ ހަރަކާތްކުރަމުން ދިޔައީ އެހެން މީހުންނަށް ނުފެންނަ ކަމެއް އޭނާއަށް ފެންނަ ފަދައިންނެވެ. ރީހާންއާއި ޒާލިފު ބަލަން ތިބިއިރު އަބްދުއްރަޢޫފުގެ ނަޒަރު ގޮސް ހުއްޓުނީ ޔަލާގެ އެނދު ކައިރިއަށެވެ.

“ރީހާން… ގޮސް ޔަލާގެ ޢާއިލާއަށް އަންގާ ވަގުތު ޖެހިއްޖެކަމުގައި… މިހާރު މިވަގުތުން ފެށިގެން އަހަރުމެންގެ ހަޤީޤީ މަސައްކަތް ފެށުނީ… މި ކޮޓަރީގެ ތެރޭގައި ހަމައެކަނި ހުރެވޭނީ ޔަލާގެ މަންމައަށް އެކަނި…. އަދި ބުނޭ….” އަބްދުއްރަޢޫފު ދިން އިރުޝާދާ އެއްގޮތަކަށް ކަންތައް ކުރުމަށް ރީހާން އަވަސްވެގަތެވެ. އޭނާ އެ ކޮޓަރިން ބޭރަށް ނުކުމެ ޞާބިރާ މެންނާ ވާހަކަދެއްކިއެވެ. އޭރު އެތަނުގައި ޝިޔާރު ވެސް ހުއްޓެވެ.

* * * *

“ޔަލާ…” ލޮލުގައި އަޅާފައިވާ ފޮތިގަނޑުގެ ސަބަބުން ތަނެއްދޮރެއް ނުފެނިއޮތް ޔަލާގެ ކަންފަތުގައި ޖެހުނީ އޭނާއަށް ދުވަހަކު ވެސް އޮޅޭނޭ އަޑެއް ނޫނެވެ. ނަމަވެސް ހަރަކާތެއް ނުކުރެވިފައި އެތެރެއަށް ރޯލަރޯލާ އޮތުން ފިޔަވާ އެއްވެސް ކަމެއް ޔަލާއަކަށް ނުކުރެވުނެވެ.

“އަހަރެން މި ހުރީ އައިސް… ތިކަމުން އިރާދަކުރެއްވިއްޔާ ޔަލާ ސަލާމަތްކުރާނަން…” ދެވަނަ ފަހަރަށް ޔަލާގެ ކަންފަތުގައި އެ އަޑު ޖެހިއްޖެއެވެ. ހިތުގެ ތެޅުން އަވަސްވެފައިވެއެވެ. ވަށައިގެން އުޅުނު ނުބައި ސިފަތަކުގެ މަޚުލޫޤުންތައް ހޮރުތަކަށްވަދެ ފިލާ ތިއްބެވެ. ކުޑަހިނދުކޮޅަކަށް ނަމަވެސް ހިމޭންކަމެއް ނަފްސަށް އިހުސާސް ކުރެވުނެވެ. ހަމައެއާއެކު ޔަލާގެ ނިތްކުރީގައި ކޮންމެވެސް މީހަކު ހިފަހައްޓާލިކަން އެނގެއެވެ. ދެން ކަންފަތުގައި ޖެހުނީ ކީރިތި ޤުރުއާނުގެ މޫރިތި އާޔަތްތައް ކިޔަވަންފެށި އަޑެވެ. އެ ފަދަ ރީތި މަޚުރަޖަކަށް މީހަކު ކިޔަވާ އަޑެއް މީގެ ކުރީން ޔަލާ ނާހައެވެ. ހަށިގަނޑުގެ ގުނަވަންތަކާއި ކަށިތަކުގައި ހުރި ފިއްތުންތައް ނެތި ޔަލާގެ ރޫހަށް އަމާންކަމާއި ރައްކާތެރިކަމުގެ އިހުސާސް ކުރެވިގެން ދާންފެށިއެވެ. އެއާއެކު މުޅިތަން އަލިވާންފެށިއެވެ. ހީވީ އަލިކަމެއްނެތް ރޭގަނޑެއްގެ އަނދިރިމުގެ ތެރެއިން އިރު އެރީ ހެންނެވެ. މުޅި ތަން ހުޅުދާންވެގެން ދިޔަ ފަދައެވެ. އެހިނދު ޔަލާގެ ދުލުން އެންމެ ފުރަތަމަ ވެސް ނުކުތީ “ޒާލް” އެވެ. އެއަށްފަހު ފުރަތަމަ ފަހަރަށް ޔަލާއަށް އޭނާގެ އެސްފިޔަ އަމިއްލަ ބާރުގައި ތަޅުވާލުމުގެ އިޚްތިޔާރު ލިބިގެންދިޔައެވެ. އެއާއެކު ލޮލުގައި އަޅާފައިވާ ފޮތިކޮޅު ހުރަހަކަށް ވެގެންދިޔަ ކަން އިހުސާސްވެ އެއިން ސަލާމަތްވާން ތެޅިފޮޅެގަނެވުނެވެ. އެއްވެސް ހިފެހެއްޓުމެއްނެތި ޔަލާއަށް އޭނާގެ ދެއަތް ވެސް ހަރަކާތްކުރެވެން ފެށުނެވެ. ލޮލުގައިވާ ފޮތިގަނޑު ނިކަން އަވަހަށް ދަމައިގަތުމާއެކު އޭނާގެ ހިތް ވެސް އުދުއްސައިގަންނަން އުޅުނު ކަހަލައެވެ. ޒަލަފްގެ ގައިގާ އޮޅުލައިގަނެ ބާރަށް ރޯން ޔަލާ ބޭނުންވިއެވެ. އެހެންނަމަވެސް ކުއްލިއަކަށް އޭނާގެ ހަށިގަނޑު ފުންނިންޖެއްގެ ތެރެއަށް ގެބިގެން ދިޔަ ކަހަލައެވެ. އޮވެވުނީ ހޭލައެވެ. ދެ ލޯ ހުޅުވައިގެންނެވެ. އެތަނުގައި ވާ ހުރިހާ ކަމެއް އެނގެއެވެ. ތިބި އެންމެން ފެނެއެވެ. ހަމައެކަނި ނުކުރެވުނު ކަމަކީ އަތެއްފަޔެއް ހަލުވާލުމެވެ. އެހިނދު ނުހަނު ގާތުގައި ފެންނަން ހުރި ޒަލަފްއަށް ބަލަން އޮތުން ނޫން ކަމެއް ޔަލާއަކަށް ނުކުރެވުނެވެ. ދޫ ހަރަކާތްކުރިޔަސް ބަހެއް ނުބުނެވެއެވެ. އެއްވެސް ހިފެހެއްޓުމެއްނެތި ޔަލާއަށް ރޮވިއްޖެއެވެ. މުޅި ހަށިގަނޑުގެ އެތަން މިތަނުގައި ރިހެމުންދިޔައިރު ވެސް ޒަލަފް ފެންނަން ހުރުމުން އެ ވޭންތައް ކުޑަވެއްޖެއެވެ. ޒަލަފް ވެސް ބަހެއްނުބުނެއެވެ. ހިމޭންވެފައި ޔަލާއަށް ބަލަން ހުރީއެވެ. ޒަލަފްއަށް އައިސްފައިވާ ބަދަލު ޔަލާއަށް ފާހަގަކުރެވުނެވެ. އޭނާ މިހާރު ހުރީ ކަޅުކުލައިގެ ބޮޑު ހިޔަންޏެއް ފަދައަކުންނޫނެވެ. ޔަލާއަށް އެންމެ ފުރަތަމަ ފެނުނު ދުވަހު ވެސް ހުރި ސިފައިގައެވެ. އިންސާނެއްގެ ސިފައިގައެވެ. ރަތްކުލައިގެ ކަޅި ޔަލާއަށް ހުއްޓާލައިގެން ހުރިއިރު ޒަލަފްގެ ދެ ލޯ ވެސް ފެންކަޅިވާހެން ޔަލާއަށް ހީވެއެވެ. އެހެންނަމަވެސް އޭނާ ނުރޮއެވެ. ނޫނީ ރޯން ބޭނުންނުވަނީއެވެ. އަޅާފައި ހުރީ އާންމުކޮށް ޒަލަފް ފެންނަ ފަދަ ހެދުމެއްނޫނެވެ. އޭނާއާއެކު އައިސް ހުރި މީހާއަށް ޔަލާގެ ސަމާލުކަން ހުއްޓުނީ ދެނެވެ. އޭނާއާއި ޒަލަފް ތިބީ އެއްކަހަލަ ހެދުމެއްގައެވެ.

“އެ މީހުން އެބަ އާދޭ…” ޒަލަފްގެ ގާތުގައި ހުރި މީހާ އޭނާއަށް ބަލާލަމުން ބުނެލި އަޑު ޔަލާއަށް އިވުނެވެ. އެއާއެކު ސުވާލު އުފެދުނެވެ. ކޮންބައެއް އަންނަނީ ހެއްޔެވެ؟ ޒަލަފްއާއެކު ހުރީ ކާކު ހެއްޔެވެ؟ އޭނާއާ އޮތް ގުޅުމަކީ ކޮބާބާއެވެ؟ ޒަލަފްގެ ސޫރައަށް ބަދަލު ނަޔަސް އޭނާގެ ޠަބީޢަތް މުޅީން ބަދަލުވެފައި ވާ ކަހަލައެވެ.

“ޔަލާ… ދެ ލޯ މަރާލާ… ކޮންމެކަމެއް ވިޔަސް ދެ ލޯ ނުހުޅުވާތި… ދެން ނުކެރޭނެ ގަޔަށް ވަންނާކަށް…” ޒަލަފްގެ ބުނެލި ލަފުޒުތައް އިވިގެން ދިޔައީ ޔަލާގެ ސިކުނޑިއަށެވެ. ނޫނީ ހިތަށެވެ. ޔަޤީނުން ވެސް ޒަލަފްގެ ދޫ ހަރަކާތްކޮށް އަނގައިން ބުނިތަނެއް ނުފެނެއެވެ.

އަބްދުއްރަޢޫފަށް ތައްޔާރުވުމަށް އިމްރާނު ހަނާއަޅާލިއެވެ. ޔަލާގެ އެއްފަރާތުގައި ޒަލަފްއާއި އިމްރާނު ހުރިއިރު އަނެއްފަރާތުގައި އަބްދުއްރަޢޫފު ހުއްޓެވެ. ކޮޓަރީގެ ދޮރުކައިރީ ޒާލިފާއި ރީހާންގެ މެދުގައި ޞާބިރާ ހުއްޓެވެ. ކަންބޮޑުވެފައެވެ. އޭނާއަށް ފެންނަނީ ހަމައެކަނި އަބްދުއްރަޢޫފު ކުރާ މަސައްކަތެވެ. ދެން އެކޮޓަރީގައި ވަނީ ކީއްކަމެއް އެތަނުން އެކަކަށް ވެސް ނޭނގެއެވެ.

“ޒާލިފު… އަހަރުމެންގެ އެހީއެއް ޒާލިފުގެ ބައްޕައަށް ބޭނުމެއްނުވާނެތަ…. މިހާ ދުވަސްވީއިރު އަހަރުމެން ތިން މީހުންނަށް ވެސް ޔަލާ ހިފަހައްޓާނުލެވުނު… އެކަމަކު މިހާރު ޔަލާ ހީވަނީ މުޅީން ހަމަޖެހިފައި އޮތްހެން…”

“އަހަންނަށް ވެސް މިތަނުގައި މިވަނީ ކިހިނެއްކަމެއް ނޭނގޭ… ބައްޕަ ފިޔަވައި އެކަން އެނގޭނެ މީހަކު ނުހުންނާނެކަން ޔަޤީން… ބައްޕައަށް އިތުބާރުކުރޭ…” ޒާލިފު ބުނެލިއެވެ. ނަމަވެސް އޭނާއަށް ޒަލަފްގެ އިހުސާސް ކުރެވޭހެން ހީވިއެވެ. އެއާއެކު ހިތާ ހިތުން ޔަލާ ސަލާމަތްކޮށްގެން ގެންދިއުމަށް ޒަލަފްގެ ގާތުން ޒާލިފަށް އެދެވުނެވެ.

އަލިފާންކަނިތަކެއް ބުރައިގެން ދިޔަތަން ޞާބިރާއާއި ޒާލިފުގެ އިތުރުން ރީހާންއަށް ވެސް ފެނުނެވެ. އެހެންވިޔަސް އެމީހުންނަށް ނުފެންނަނީ އެވަގުތު އެކޮޓަރިތެރެއަށް ހާޟިރުވެ ތިބި ރަޚަބްއާއި ޒަރަސްގެ އިތުރުން ހަމައިންނައްޓާފައި ހުރި މެލްފަސްއެވެ. އަދި އެމީހުންގެ ފަހަތުގައި ތިބި ދެޔޯތަކެއްފަދަ ވަރުގަދަ ބޮޑު ސިފަހުތުރު ހަތަރު މަޚުލޫޤެވެ. ހީވަނީ ދެންމެދެންމެ އެއްބަޔަކު އަނެއްބަޔަކާ އަރައިގަނެދާނެހެނެވެ.

“މީ ކަލެއާ ބެހޭ ވެސް ކަމެއްނޫނެއްނު…” ރުޅިއައިސްފައި ހުރި މެލްފަސް މުޚާޠިބު ކުރީ އިމްރާނާއެވެ.

“މި އިންސާނާއަށް ކަލޭ ތި ދިމާކުރަނީ އޭނާ ކަލޭމެންނަށް ކީއްކޮށްގެން…” ހަރުކަށި ރާގެއްގައި މެލްފަސް ބުނެލިއެވެ.

“އެ ނިކަމެތި އިންސާނަށް އެ ހުރިހާކަމެއް ކުރާން މަޖުބޫރުކުރި މީހަކީ ކަލޭގެ ކައިރީގައި ތިހިރަ ޒަލަފް… ކަލޭ އަހަރުމެންނަށް ބިރުދައްކާނަމޭ ހިތާތަ އައިސް ތިހުރީ… އަހަރެން ހީކުރީ މި އިންސާނާ ދޫކޮށްލާފައި ކަލޭ ފިލަން ދުވިއްޔޭ… މީނާއަށް އެހީވާން ކޮންމެގެން އަންނާނީ މިއަދަކު ނޫނެއްނު… މިއޮއް ހުރިހާ ދުވަހު ޒަލަފް ކަލޭ އުޅުނީ ކޮންތާކު؟”

“ޒަލަފްއެއް ނޫން އެ އިންސާނާއަށް އަނިޔާކުރަނީ… އޭނާ އަމުރެއް ނުކުރޭ އެ އިންސާނާގެ މައްޗަށް އަނިޔާވެރިވާކަށް…” މިފަހަރު ވެސް ވާހަކަދެއްކީ އިމްރާނެވެ. ހިމޭންކަމާއި އާދަޔާ ޚިލާފު މަޑުމައިތިރިކަމާއެކު ޒަލަފް އޭނާގެ ބައްޕަ ފަރާތު ޢާއިލާގެ މީހުންނަށް ބަލަން ހުއްޓެވެ. މިއަދު އެ މޫނުމަތިން ފެންނަނީ މުޅީން ތަފާތު ކުލަވަރެކެވެ. ޒަލަފްއާ މެދު އަބްދުއްރަޢޫފު ވެސް ހުރީ ހައިރާންވެފައެވެ.

“ޒަލަފްގެ ދޫބުރިވީތަ… ނޫނީ ވާވީތަ… ކަލޭގެ ބަދަލުގައި އެހެންމީހުންލައްވާ ތި ވާހަކަދައްކުވަނީ… އެވެސް އަހަރުމެންގެ ނަސްލުން ބޭރުން…”

“ބެހެމަތްގެ ޢަމަލުތައް ހައްދުފަހަނައަޅައި ދިޔައީ… އޭނާ އެފަދައިން ނިމިގެން ދިއުން އެއީ ﷲގެ މިންވަރުފުޅު… މެލްފަސް… ކަލޭ ވެސް އެފަދަ ނިމުމެއް ބޭނުންވަނީތަ؟ ތިހިރަ ބޮލުގައި ވިސްނާނޭ ސިކުނޑިއަށް ވޭ… އޭގެ ބޭނުންހިފައި ކަންތައް ހިނގާ ގޮތާމެދު ވިސްނާ ފިކުރު ހިންގަބަލަ… އެއްވެސް ކަމެއްގައި މި އިންސާނާގެ ކުށެއްނެތް… އޭނާއާށް އަނިޔާ ދިނުމުގެ ބޭނުމެއްނެތް… ކަލޭމެން ކަލޭމެންގެ ދުނިޔެއަށް އެނބުރިދޭ… އަހަރުމެން އަހަރުމެން އައި ދުނިޔެއަށް އެނބުރި ދާނަން… މި އިންސާނާ އޭނާގެ މިނިވަންކަމާއެކު އުޅޭން ދޫކޮށްލާ…” ޒަލަފްގެ އަޑު އިވިފައި ރަޚަބްއަށް ފިނިނޭވާއެއް ދޫކޮށްލެވުނެވެ. ހަނދާން ކުރާން ބޭނުންނުވި ނަމަވެސް ސިކުނޑީގެ ކޮންމެވެސް ހިސާބަކުން ފުރޭނިގެން އައިސް ދެ ލޮލަށް ސިފަވެގެން ދިޔައީ އަރީޝާއަށްޓަކައި އޭނާގެ ހައްޤުގައި ފައިތިލަ ސާބިތުކޮށްލައިގެން ހުރި ދުވަހެވެ. އެ ވަގުތުކޮޅެވެ. ނަމަވެސް އެ ދުވަހުގެ އެ ހާލަތާ މިއަދު ފެންނަ މަންޒަރާ މުޅީން ތަފާތެވެ.

“އެ އިންސާނާ ސަލާމަތްކުރާން ބޭނުންނަމަ ކަލޭ ޖެހޭނީ އަހަރުމެންގެ ތެރެއަށް އަންނަން… ނޫނީ ބެހެމަތުގެ ފުރާނައިގެ ކައްފާރާއެއްގެ ގޮތުގައި ކަލޭގެ ފުރާނަ އަހަރެން ބޭނުންވަނީ… އޭރުން އެ އިންސާނާ މިނިވަންކުރާނީ… އެހެންނޫނީ ދުވަހަކު އޭނާއާ ދިމާކުރުން ހުއްޓާއެއްނުލާނަން… އޭނާގެ ފުރާނަ ނޫނީ ކަލޭގެ ފުރާނަ…” މެލްފަސް ބުނެލިއެވެ. އެއާއެކު ޔަލާގެ ކަރަށް ބާރުކުރާން މެލްފަސް ފެށިއެވެ. އެހިނދު ޒަލަފްގެ ތުންފަތުން ފައުޅުވެގެން ދިޔައީ ލުއި ހިނިތުންވުމެކެވެ. އޭނާ ޔަލާގެ ނިތްކުރީގައި ބުޑުވައިއިނގިއްޔާއި ޝަހާދަތް އިނގިލީގެ އެހީގައި ފުއްޓަތްކެއް ޖަހާލިއެވެ. އެއާއެކު ދުރުގައި ހުރި މެލްފަސްއަށް އެނގުންވެގެންދިޔައެވެ.

“ޒަލަފް! އަހަރުމެންނަށް ވެސް އެނގޭ ބާރުގެ ބޭނުންކުރާނޭގޮތް…” ކުއްލިއަކަށް ޒަރަށް ވާހަކަދެއްކިއެވެ.

“ކަލޭމެންނަށް ބާރު ދިނީ އަހަންނަށް ވެސް ބާރުދިން ފަރާތުން… ކަލޭމެންގެ ކޮންމެ ކަމަކީ ސިހުރެއް… ﷲގެ ވާގިފުޅާއެކު އަހަރެން ކަލޭމެންގެ ކޮންމެ ސިހުރެއް ބާތިލުކުރާނަން… ޖަހާ ކޮންމެ ގޮށެއް މޮހޭނަން… ފުމޭ އަނގަތައް ވާކޮށް ބަންދުކުރާނަން… ބާރުގަދައީ ކާކުކަން އޭރުން އެނގޭނެ… އެހެންނަމަވެސް އަހަރެން މިހިރީ ކަލޭމެންގެ ފުރާނަ ބޭނުންވެގެން އައިހެއްނޫން… ކަލޭމެން ސަލާމަތްވާން ފުރުޞަތު ދޭން އަހަރެން ބޭނުން…”

“ކަލޭ ހާދަ އަނގަގަދަވެއްޖެއޭ… މިހާރު ވެސް އަހަންނާ ކުރިމަތިލާބަލަ… އެ ދުވަހު ކަލޭގެ ނަސީބު އެއީ އަހަންނާ ކުރިމަތިލަނިކޮށް ކަލޭ އެ ފަސްގަނޑުން ގެންދިއުން… މިހާރު އަހަންނަށް އެނގޭ މިހިރަ މީހާކަން ކަލޭ ގެންދިޔައީ… މިހާރު ވެސް ހިނގާ އެތަނަށް… ކަލޭ އަހަރެންގެ ބެހެމަތް މަރާލި ފަސްގަނޑަށް…” މެލްފަސްއަށް މަޑުން ހުރެވެނީއެއްނޫނެވެ. އެހެންނަމަވެސް ޒަލަފް ފެންނަނީ ވަރަށް ވެސް ޔަޤީންކަމާއި ސާބިތުކަންމަތީ ހުރި ތަނެވެ.

ދެ ލޯ މަރާލުމާއެކު ލޯ ހުޅުވާލުމުގެ ބާރެއް ޔަލާއަށް ލިބިފައެއްނުވެއެވެ. ހީވަނީ ފުންމިން ނޭނގޭ ފެންގަނޑެއްގެ ތެރެއަށް ނަފްސު ޣަރަޤުވަމުން ދާހެނެވެ. އެހެންނަމަވެސް ނޭވާ ހާހެއްނުވެއެވެ. އަތްފައި ފިނިވެފައި ވެއެވެ. ހިތުގެ ހިނގުން އަވަސްވެފައި ވެއެވެ. ލޮލަށް ތަނެއް ނުފެނުނު ކަމުގައި ވިޔަސް އަމާންކަމުގެ ވެށްޓެއްގައި އޮވޭވޭ ފަދައެވެ. އެފަދަ ހަމަޖެހުމެއް އޭނާގެ ނަފްސަށް ނުލިބޭތާ ޤަރުނެއްވެފައިވާ ކަހަލައެވެ. އެހެންނަމަވެސް އެ ފުން ނިދިން ހޭލެވޭއިރު ޒަލަފްގެ އުނގުތެރޭ ވުމަށް ޔަލާއަށް އެދެވުނެވެ.

ޒަރަސްގެ އިޝާރާތާއެކު އެ މީހުންގެ ފަހަތުގައި ތިބި ބިޔަ ދެޔޯތަކެއްފަދަ ހަތަރު މަޚުލޫޤުންގެ ތެރެއިން އެކަކު ހަރަކާތްތެރިވެލިއެވެ. ހިމަރޮއްޖެއް ފަދައިން ވައިގެތެރޭން ލާފައި އައިސް އެނދުގައި އޮތް ޔަލާގެ ހަށިގަނޑުގެތެރެއަށް އޭތި ވަނީ ފައިގެ ބޮޑުވައި އިނގިލީގެ ނިޔަފަތި ދޭތެރެއިންނެވެ. ހުށިޔާރުކަމާއެކު ޔަލާގެ ކަކުލުގައި ޒަލަފް ހިފިއެވެ. އެއާއެކު ކިޔަވަންފަށައިފިއެވެ. އިމްރާނު ވެސް ޒަލަފްއާއެކު ކިޔަވަމުންދިޔައެވެ. ގިނައިރެއްނުވެ ރޮއެ ހޭރެމުން ކަހަލަ ގޮތަކަށް ޔަލާގެ ހަށިގަނޑުން އެ ދެޔޯ ތެޅެމުންފޮޅެމުން ނުކުންތަން ފެނުނެވެ. ޔަލާއަށް ކަމެއް ކުރެވޭނޭހާ ވަގުތެއް އެ ދެޔޯއަކަށް ނުލިބުނެވެ. އެއަށްވުރެ އޭނާއަށް ލިބުނު ގެއްލުން ބޮޑެވެ. ހަށިގަނޑުގެ އެތަންމިތަންވަނީ ފިހި ކަޅުވެފައެވެ. އޭއްޗަށް ވީގޮތް ފެނިފައި ދެން ތިބި ދެޔޯތައް ބަލާކަށް ނުތިއްބެވެ. އެންމެން އެއްފަހަރާ ދިމާކުރިއެވެ. ނަމަވެސް ޒަލަފް މާ ކުޅަދާނައެވެ.

އަބްދުއްރަޢޫފުގެ މުޅި ހަޔާތުގައި ވެސް މިހާރު ފެންނަމުން އެ ދާ ފަދަ މަންޒަރެއް ނުފެންނާނޭކަން އޭނާއަށް އެނގެއެވެ. ޖިންނިއަކު ޖިންނީންނާ ހަނގުރާމަ އެ ކުރަނީ އިންސާނަކު ސަލާމްކުރުމަށެވެ. ހަމައެއާކު އެމީހުން ކުރާ ކަންކަން ބާތިލު ކުރުމުގެ ކުޅަދާނަކަން ޒަލަފްއަށް ލިބުނު ގޮތަކާއި މެދު އަބްދުއްރަޢޫފު ހުރީ އަޖައިބުވެ އަންތަރީސްވެފައެވެ. އޭނާ ޒަލަފް ގެންގުޅެ ބޮޑުކުރިއިރު އެފަދަ ރީތި މަޚުރަޖަކުން ޤުރުއާން ކިޔެވި އަޑެއް ދުވަހަކު ވެސް ނާހައެވެ. އެފަދަ ޢިލްމެއް އެ ކުއްޖާއަށް ލިބުނު ގޮތެއް ވެސް އޮޅުން ފިލުވަން އޭނާ ބޭނުމެވެ. އެހެންނަމަވެސް ޒަލަފްގެ ސަމާލުކަން އެނދުގައި އޮތް ޔަލާ ފިޔަވާ ދެން އެތަނުގައި ތިބި އެކަކަށް ވެސް އޭނާ ދީފައެއްނުވެއެވެ. އަނގައިން ވެސް ބުނީ ހަމައެކަނި ޔަލާއާއެވެ.

“ދަރިފުޅާ…” ޒަލަފްއަށް ބަލަހައްޓައިގެން އިން އަބްދުއްރަޢޫފަށް ކުއްލިއަކަށް ސިހިފައި ޒަލަފްއަށް ގޮވާލެވުނީ އޭނާއަށް ލިބުނު ހަމަލާއެއްގައި ގުދުވެލިތަން ފެނިފައެވެ. އެހިނދު ޒަލަފް އަތުން އިޝާރާތްކުރީ މަޑުކުރުމަށެވެ. އަދި ކިޔަވުން ވަރުގަދަ ކުރުމަށް ޓަކައި ޤުރުއާނުގެ ވަކި ސޫރަތެއް ބުނެ އެ ސޫރަތުގެ ވަކި އާޔަތުން ފެށިގެން ކިޔަވަން ފަށަން ޒަލަފް ބުންޏެވެ. އޭނާ ދެން ބަލާލީ އިމްރާނަށެވެ. އެ ދެމެދުގައި ދެކެވުނު ވާހަކައެއް ދެކެވުނީ ސިއްރުންނެވެ. އިތުރު މީހަކަށް ނީވޭނޭހެންނެވެ. ޒަލަފް ކުރިއަށް ނުކުތެވެ. އޭނާ ހަނގުރާމަ ކުރުމަށް ގެންގުޅޭ ހަތިޔާރަކީ ކީރިތި ޤުރުއާނުގެ އާޔަތްތަކެވެ. ދެން އަތުގައި އޮތީ އަތަރުފާޑުގެ މީރު ވަސް ދުވާ ފުޅިއެކެވެ. ފެނަށްވުރެ އޭގައި ހުރި އެއްޗެއް ތެލެވެ. ދޭތެރެއަކުން ބައެއް އާޔަތްތައް ތަކުރާރުކޮށްލުމާއެކު އެބައިމީހުންނާ ދިމާއަށް ފުޅިއަރިކޮށް އޭގައި ހުރި އެއްޗެއް ބުރުވައެވެ. އެހެން ހެދުމުން ފަޓާސްތަކެއް ގޮވާ ފަދަ އަޑުތަކެއް އިވިގެންދެއެވެ.

ދެ ފަރާތުގެ ކުރިމަތިލުން ތިންގަޑިއިރަށް ދެމިގެންދިޔައިރު ޒަރަސްގެ ފަރާތުން އަންނަ ބައިގަނޑުތައް ބަލިވާން ފަށައިފިއެވެ. ޒަލަފްއަށް ވަރުބަލިކަމެއް ލިބިފައިވާހެން އިމްރާނަށް ވެސް ހީވެއެވެ. އެހެންނަމަވެސް ޒަލަފް ހުއްޓާލަން ގަސްދެއްނުކުރެއެވެ. އޭނާ ބޭނުންވަނީ މިއަދުން މިއަދަށް މި ކުރިމަތިލުން ކޮންމެވެސް އެއްގޮތަކަށް ނިމޭށެވެ. ރަޚަބްގެ ޢާއިލާގެ ތެރެއިން ވެސް މީހުން އަންނަން ފެށިއެވެ. އެތައް ބަޔަކު މަރުވަމުންދިޔައެވެ. އަނދާ އަޅިއަށްވަމުންނެވެ. މާޙައުލުގައި ހޫނުކަމެއް ހަރުލާފައިވެއެވެ. މަންޒަރެއް ނުފެނުނު ކަމުގައި ވިޔަސް ޒާލިފާއި ރީހާންގެ އިތުރުން ޞާބިރާއަށް ވެސް ކޮޓަރިތެރެ އުދާސްވެ ހޫނުވަމުން އަންނަކަމުގެ އިހުސާސް ކުރެވެއެވެ. ހަމައިން ނައްޓާފައި ހުރި މެލްފަސް ރުވާފައި ދޫކޮށްލި ދުނިދަނޑިއެއްހާ ބާރުމިނުގައި އައިސް ޒަލަފްއަށް ހަމާލާދޭން އުޅުނެވެ. އެހިނދު އަލިފާނުގެ ކަނި ބުރައިގެންދިއުމާއެކު މެލްފަސް ވެއްޓިއްޖެއެވެ. ޒަލަފްގެ ކަރުގައި ހިފުމަށް އުޅުނު ދެއަތް ވަނި ފިހިފައެވެ. ޒަލަފް އަނގަޔަކުން ނުބުނެއެވެ. އޭނާގެ މޫނުމަތިން އެއްވެސް ކަހަލަ ޝުޢޫރެއް ވެސް ފައުޅެއްނުވެއެވެ. އޭނާ މެލްފަސްއަށް ބަލާލުމާއެކު ރަޚަބްއަށް ބަލާލިއެވެ. ބަލިގަބޫލުކުރަން ބޭނުންނުވާ މެލްފަސް ފުންމައިގެން އައިސް އަނެއްކާ ވެސް ޒަލަފްއާ ދިމާކުރިއެވެ. އެއާއެކު ޒަލަފް އޭނާގެ ފުއްކިބައިގައި ހިފުމާއެކު ތަޅުންމައްޗަށް ޖަހައިފިއެވެ. އަދި މޭގައި އެއްއަތް ވިއްދާލާ އަނެއްއަތުން މެލްފަސްގެ ނިތްކުރީގައި ހިފާ އޭނާ ކިޔަވަންފެށިއެވެ. އޭރު އިސްލާހުވުމަށް އިމްރާނު އޭނާއަށް ނަސޭޙަތްދެމުންދިޔައެވެ. ޒަލަފް ކިޔަވާ ނިމެންވާއިރަށް އޭނާގެ ވަސްވެސް ފުހެވިގެން ދާނޭކަން ހަނދާންކޮށްދެމުންނެވެ. އެހެންނަމަވެސް ދުލަށް އައިހާ ނުބައިއެއްޗެއް ގޮވަމުން ޒަލަފްގެ ފުރާނައަށް ފެންބޮވައިގަނެގެން ހަޅޭލަވަމުންދިޔައެވެ.

“މެލްފަސް…” ބުރައިގެން ދިޔަ އަޅިތަކެއް ފަދައިން މެލްފަސް ވަކިވެގެން ދިޔަ ވަގުތު ރަޚަބްއަށް އޭނާގެ ޒަމާންވީ އެކުވެރިޔާގެ ނަމުން ގޮވާލެވުނެވެ. އޭނާގެ ހިތުގައި ތަފާތު ޚިޔާލުތަކެއް ހިނގަންފަށައިފިއެވެ. އެހެންނަމަވެސް ޒަރަސްއާ ޚިއްޞާކުރާން އޭނާ ހުރީ ޖެހިލުންވެފައެވެ. އަނެއްކޮޅުން ދަރިފުޅާ ކުރިމަތިލާކަށް ރަޚަބް ނޭދެއެވެ. ބާރު ގުގުރިއެއް ޖެހި ފަދަ އަޑެއް އިވިގެންދިޔައެވެ. ޒަރަސްގެ ރުޅި ކޮންޓްރޯލުން ނެއްޓީއެވެ. ރަޚަބް ސިހިފައި އޭނާގެ ބައްޕައަށް ބަލާލިއެވެ. އޭރު އެ މީހުންގެ ފަރާތުން ވެސް ޒަލަފްމެންނާ ކުރިމަތިލާނޭ ބަޔަކު ނެތެވެ. އެންމެން ވަނީ ޒަލަފްގެ ބާރާމެދު ބިރުގެންފައެވެ. އަމިއްލަ ފުރާނަ ސަލާމަތްކުރާން ކޮންމެ މީހަކު ވެސް ބޭނުންވެއެވެ.

ޒަރަސް އޭނާގެ ބާރުގެ ބޭނުން ކުރަންފެށިއެވެ. ޒަލަފްއާ ދެ މީހުންގެ ކުރިމަތިލުމުގައި ޒަރަސްއަށް ލިބުނު ހަނި ފުރުޞަތެއްގައި ޒަލަފްގެ އަތަށް ދަމައިގަތް ވަގުތު ކޮނޑުހުޅުން ނެއްޓިގެންދިޔައެވެ. އެހިނދު އިމްރާނު ވަގުތުން ޒަލަފްގެ އަތުގައި ހިފިއެވެ. އޭނާ ވެސް ކިޔަވަނީއެވެ. ޒަލަފްގެ އަތް އުފުރާލައިގެން ގެންދިޔަކަ އިމްރާނު ނުދިނެވެ. ޒަރަސްގެ އަތް އަލިފާނުގައިވާ ދަގަޑެއް ދޮންވަމުން އަންނަހެން ދޮންވާފެށުމުން އޭނާ ޒަލަފްގެ އަތުން ދޫކޮށްލައިފިއެވެ. އެއާއެކު ވަގުތުން ޒަލަފްގެ ކޮނޑުހުޅުން ނެއްޓިފައިވާ އަތް އިމްރާނު ރަނގަޅުކޮށްފިއެވެ. އޭރު ވެސް ޒަލަފްއަށް ލިބޭ އެއްވެސް ވޭނަކުން އޭނާ “އުފް” ވެސް ނުބުނެއެވެ. އެކަމާ ޒަރަސް ވެސް ހައިރާންވިއެވެ. ޅަކުއްޖެއްހެން އޭނާގެ ގާތުގައި އުޅުނު ޒަލަފްއާ މިހާރު ކުރިމަތީގައި ހުރި ޒަލަފްއާ މުޅިން ނުބައްދަލެވެ. ރަޚަބްއަށް ގޮވާލުމުން ވެސް އޭނާ ހުރީ ހުއްޓުން އަރާފައި ހުރިހެނެވެ. ޒަރަސް ބުނުމުން ވެސް ރަޚަބް ކުރިއަށް ނުކުންނަ ގޮތެއް ނުވިއެވެ. އޭނާ ހަޅޭލަވައިގަތުމުން އެކަމުގެ އަސަރެއް ވެސް ރަޚަބްއަކަށް ނުކުރިއެވެ.

“މިކަމުން މިންޖުވިހާ އަވަހަކަށް ކަލޭގެ ތި ޢަމަލަށް އަހަރެން އަދަބުދޭނަން…” ރަޚަބްއާ ދިމާއަށް ޒަރަސް ބުންޏެވެ. އެހެންނަމަވެސް ރަޚަބްއަށް ހަރަކާތެއްނުކުރެވުނެވެ. އޭނާއަށް ބެލެނީ ކުރިމަތި ހުރި ޒަލަފްއަށެވެ.

“އަހަރެން ބަލިކުރެވިދާނޭ ކަމަށްތަ ހީކުރަނީ… އަހަންނާ އެއްހަމައަށް ކަލެއަށް ދުވަހަކު ވެސް ނާދެވޭނެ…” ޒަލަފްއާ ދިމާއަށް ޒަރަސް ބުންޏެވެ.

“މާނައެއްނެތް ހަނގުރާމައަކަށް މިކަން ވެއްޖެ… ގެއްލިގެން އެ ދިޔަ ފުރާތަކަކީ ކާފަގެ ވިސްނުން ހަނިކަމުން ގެއްލިގެންދިޔަ ފުރާނަތަކެއް… އަހަރެން އެއްވެސް ބަޔަކަށް ގެއްލުމެއްދޭކަށް ނޭދެން… އަދިވެސް މިކަން ހުއްޓާލާފައި އެނބުރި ދެވިދާނެ… ﷲގެ މަގަށް ރުޖޫޢަވެވިދާނެ… އަހަރެން ގޮވާލަނީ އިޞްލާޙުގެ މަގަށް… އަމާންކަމުގެ ދޮރުން ވަނުމަށް…”

“ކަލެއަކީ އަހަރެންގެ ކާފަދަރިއެއްކަން ހަނދާންނައްތާލައިފިން… މިހިރަ ރަޚަބްއާ ހެދި ކަލޭ މަރާނުލާ ބެހެއްޓީ… ފަހުން ފައިދާވާނޭ ހީކުރެވުނަސް ކަލޭ ތިވީ ނުބައިނުލަފާ ޖައްބާރަކަށް… ތި ފަތުވާއެއް އަހަންނަކަށް ދޭނެކަމެއްނެތް… އަހަރެންގެ ފައިބުޑަށް ވެއްޓި ކަލޭ ރޮއެހޭރި އާދޭސްކުރާވަރު ކޮށްލާނަން…” ޒަރަސްގެ ބިރުވެރި އަޑު ގުގުމައިގެން ދިޔައެވެ.

އަރާމު ނިދީގައި އޮތް ޔަލާއަށް ޒަރަސްގެ އުނދަގޫތައް ފޯރަންފެށިއެވެ. ހަމައެއާއެކު އެންމެން ސިހިގެންދިޔައީ ކޮޓަރީގެ ދޮރުގައި ތަޅައިގަތް އަޑުއިވިފައެވެ. ދޮރުގެ އަނެއްފަރާތުން ލުހާ ގޮވަނީއެވެ.

“ޒާލިފުގެ މަންމައަށް ގޮތެއްވޭ އެބަ… މަންމާ! ދޮރުހުޅުވަބަލަ… ޒާލިފުގެ މަންމައަށް ގޮތެއްވަނީއޭ…” ލުހާ ހަޅޭލަވާއަޑު އިވި އަބްދުއްރަޢޫފު ތެދުވަން އުޅުނެވެ. އެހެންނަމަވެސް އެއަށްވުރެ ކުރިން ޒަލަފް އޭނާ ހުއްޓުވިއެވެ.

“ޒާލިފު ކައިރީ ބުނޭ ދޮރުހުޅުވާފައި މަންމަ އެތެރެއަށް ވައްދާށޭ… ޔަލާގެ އެނދު ކައިރީ ގެނެސް ބާއްވާ…” ޒަލަފް ބުނިހެން އަބްދުއްރަޢޫފު އެންގިއެވެ. އެއާއެކު ރިހާންއާއި ޒާލިފާ ދެމީހުން ވެގެން އަރީޝާ ހިފަހައްޓައިގަނެގެން އެތެރެއަށް ވައްދައިފިއެވެ. އޭރު ރޯމަހެއްހެން އަރީޝާ ތެޅެނީއެވެ. ކޮޓަރިއަށް އަރީޝާ ވެއްދިތަން ފެނި ޒަރަސް ހޭންފެށިއެވެ. އަބްދުއްރަޢޫފަށް އަރީޝާގެ ގާތަށް ދިއުމަށް ޒަލަފް އެންގިއެވެ. އަދި ކަންތައްކުރަންވީ ގޮތް ވެސް ކިޔައިދިނެވެ. އެއަށްފަހު އޭނާ އިމްރާނާ ކުރިމަތިލިއެވެ. އަރީޝާ ބާއްވަންވާއިރަށް ޔަލާގެ ގައިމަތީ އޮތް ފޮތިގަނޑު ޒަރަސްގެ ބާރުން ދަމައިގަނެއްޖެއެވެ. އެމަންޒަރު ކޮޓަރީގައި ތިބި އެންމެނަށް ފެނުނެވެ. ޒަރަސް މަސައްކަތް ކުރީ އަރީޝާއަށާއި ޔަލާއަށް އުނދަގޫކޮށް ޒަލަފްގެ ނަފްސު ބަލިކަށިކޮށްލާށެވެ.

“މިއަދު ކަލޭ މަރުވެގެން ދާނީ ކަލޭގެ ނުބައިކަންމަތީ…” ފިނިނޭވާއަކާއެކު ޒަލަފް ބުނެލިއެވެ.

“އަހަރެން މަރާލެވޭނެވަރުގެ މީހަކު ނެތް… ކަލޭގެ ކުރިމަތީގައި ތިއޮއް ދެ އިންސީގެ ފުރާނަ އެންމެ ނުބައިގޮތުގައި އަހަރެން ގެންދާނަން… މާކުރީން ވެސް އެ އަންހެންކުއްޖާގެ ޢާއިލާގެ މީހަކު އަހަރުމެން މަރާލިން…. އާން! އަހަރުމެންގެ ތެރެއިން ޖިންނިއެއްގެ އަތުން މަރުވެގެން ދިޔައީ… އެ މީހުންނަށް އެކަމެއް ނޭނގެނެ… ކުޑަކޮށް ވެސް ޝައްކުނުވޭ… އެ ދުވަހު ބެހެމަތް މޫދަށް އެރިގެން އުޅެނިކޮށް އޭނާއާ ދިމާއަށް ބުޅިއެއް އެއްލީ ޒަލަފް ތިހާ ވަރުން ރައްކާތެރިކުރާން އުޅޭ އިންސީގެ ބައްޕަ… އެކަމުގެ ބަދަލު މެލްފަސްގެ އެންމެ އަރިސް ޚާދިމު ހިފީ… އެހެރަ އަންހެންމީހާ އޭނާގެ ފިރިމީހާ ހޯދާލާފައި ހުރި ވަރަކަށް… މެލްފަސްގެ އެންގުމަށް އޭނާގެ ޚާދިމު އެހެރަ އަންހެންމީހާގެ ފިރިމީހާ ގެންގޮސް ކަނޑުގައިވާ މަސްތަކަށް ކާންދިނީ… އެހާ ގަމާރުބައެއް އިންސާނުންނަކީ… އެހުރިހާ ކަމެއް ކުރިއިރު ވެސް ބާރެއްނެތިފައި ތިބެން ޖެހުނީ… މިއަދު ވެސް އެމީހުންގެ ދުވަސް އަހަރެން ދުއްވާލާއިރު އެހެން ބާރެއްނެތިފައި ތިބޭން ޖެހޭނީ… އޭރު އެ ޢާއިލާ މެލްފަސް ދޫކޮށްލީ އެމީހުންގެ ފަރާތުން ގެއްލުމެއް ނެތްކަން އެނގިގެން… މިހާރު އެނގިއްޖެ އެއީ ކުރެވުނު ވަރަށް ބޮޑު ކުށެއްކަން… އެ ޢާއިލާ މަރާލެވުނު ނަމަ މިއަދު އެނދުގައި ތި އޮތް އިންސާނާ ދުނިޔެއަކު ނުހުރީސް… އޭނާއާ ހެދި ޒަލަފް އަހަރުމެންނާ ކުރިމައްޗެއް ނުލީސް… އެއީ އެއްނު ކަލޭ އަހަރުމެންނާ ކުރިމަތިލާ އެންމެ ބޮޑު ސަބަބަކީ… ޒަލަފް! ހަނދާންނުނެތޭނޭ ވަރުގެ ރަނގަޅު ފިލާވަޅެއް ކަލެއަށް ދޭނަން…” ޒަރަސް ހޭންފެށިއެވެ. އޭނާގެ ވާހަކަ އަޑުއަހަން ހުރި ރަޚަބްއަށް ޒަރަސްގެ ވާހަކަތަކުގެ އިތުރުން އަރީޝާ ފެނި މޫނުމަތިން މާޔޫސްކަން ފައުޅުވެގެން ދިޔައެވެ. ހަމަ އެވަގުތު ޒަލަފްގެ ހަނދާނަށް ޔަލާގެ ވާހަކަތައް އާވެގެންދިޔައެވެ. އޭނާގެ ބައްޕަ ވީނުވީއެއްނޭނގި ގެއްލިފައިވާކަން ޔަލާ ވަނީ ބުނެފައެވެ. އޭނާގެ ހުންނަނީ މަންމައެއް އެކަނިކަމަށް ބުނީ އެހެންވެއެވެ.

ހިތްހަމަނުޖެހިފައި ހުރި ޒަލަފް އޭނާގެ ގާތުގައި ހުރި އިމްރާނާ ވާހަކައެއް ދެއްކުމަށްފަހު އޭނާ ޤިބްލައާ ކުރިމަތިލިއެވެ. އިމްރާނު ކިޔެވުން ކުރިއަށް ގެންދިޔައެވެ. ޒަލަފް ހަރު އަޑުން ބަންގިދީފިއެވެ. އެއާއެކު އޭނާ ފެނުނީ ނަމާދުކުރާތަނެވެ. ދެ ރަކުވަތަށްފަހު އޭނާ ކިޔަވަންފެށީ ނަޞްރުގެ އާޔަތްތަކެވެ. ވަކިވަރަކަށް ކިޔެވުމާއެކު ސަޖިދައަށް ތިރިވެއެވެ. އަދި ތެދުވުމާއެކު އަނެއްކާ ވެސް ކިޔެވުން ކުރިއަށް ގެންދިޔައެވެ. އެގޮތަށް ތަކުރާރުކޮށް ސަޖިދައަށް ގޮސް ތެދުވެ ކިޔަވަމުންދިޔަތާ ބައިގަޑިއިރު ފަހުން ކޮޓަރީގެ ހަތަރުކަނުންނާއި ތަޅުމުންނާއި މަތިން ގަދަ ނޫރެއް ފައުޅުވާންފަށައިފިއެވެ. ބިރުވެރިކަން އިހުސާސްކުރެވިގެން ދިޔަ ރަޚަބްގެ އަނގައިން އާހެއް ނުކުމެގެން ދިޔައެވެ. އެހިނދު އޭނާ ދެކަކޫ މައްޗަށް ތިރިވެ އިސްޖެހިތަން ފެނުނެވެ. ދެ ލޯ ބޮޑުކޮށްގެން ޒަރަސް ވަށައިގެން ހޯދަނީއެވެ. ކިހިނެއްކަމެއް މިވަނީ އިމްރާނާއި އަބްދުއްރަޢޫފުގެ ލޮލަކަށް ވެސް ނުފެނެއެވެ. ގަދަ ނޫރެއް އައިސް ޒަރަސްގެ  ވަށާލައިފިއެވެ. އޭނާ ބިރުން ހަޅޭލަވާ އަޑުއިވެއެވެ. އިމާރާތަށް ލޮޅުން އެރިއެވެ. މަދު ސިކުންތުކޮޅެއްގެ ބިންހެލުމެއް އައި ކަހަލައެވެ. އޭރު ސަޖިދައަށް ދިޔަ ގޮތަށް ޒަލަފްއެއް ނުތެދުވެއެވެ. އިމްރާނާއި ރަޚަބް ވެސް ސިހިގެންދިޔައީ ޒަރަސްގެ އާދޭހުގެ އަޑެވެ.

“އަހަންނަށް ތިހެން ނުހަދާ… އަހަރެން ހިނގައިދާނަން… އަހަރެން މަރުވާކަށް ބޭނުމެއްނޫން… އަހަރެންގެ ފައި… ރަޚަބް… އަހަރެން ސަލާމަތްކުރޭ… ޒަލަފް… ހުއްޓާލާ ތިކަންތައް… އަހަރެން ހިނގައިދާނަން…” ޒަރަސް ގޮވަމުންދިޔައެވެ. އޭނާއަށް ލިބެނީ ކޮންފަދަ އަނިޔާއެއްކަމެއް އެކަކަށް ވެސް ނޭނގެއެވެ. އެސްފިޔަޖަހާލާހާ ވަގުތުކޮޅެއްގެ ތެރޭ ފައުޅުވެގެންދިޔައީ ބޮޑު ހުޅުގަނޑެކެވެ. އެއާއެކު ދިޔާ އަލިފާން ފައިބަންފެށިއެވެ. އެ ހިސާބުން އިމްރާނުމެންނާއި ރަޚަބްއަށް ވެސް ޒަރަސް ފެނިއްޖެއެވެ. އޭނާގެ ބޮލުން ފެށިގެން މުޅި ހަށިގަނޑަށް ހީވަނީ އަލިފާންފަރުބަދައަކުން ދިޔާ އަލިފާން ފައިބާ ހެނެވެ. ރޮއެ ހަޅޭލަވާ އަޑުފަށްގަނޑު އިވިއިވި ހުއްޓެވެ. ގިނައިރެއްނުވެ ޒަރަސް ވެއްޓި ތަޅުންމައްޗަށް ދެމިއްޖެއެވެ. އަނދައިގެން ދިޔަ ހަށިގަނޑު ފެންނާކަށް ނެތެވެ. ކަޅުތެޔޮގަނޑެއް ފަދަ ދިޔާ އެއްޗެހިތަކެއް ތަޅުމުގައި އިރުކޮޅަކަށް ހުރުމަށްފަހު އެވެސް އޮބިއްޖެއެވެ. އެހިނދު ސަޖިދައިން ޒަލަފް ތެދުވެއްޖެއެވެ. ކޮންމެވެސް ބަޔަކު ތަކުބީރު ކީ އަޑު އިވުނު ކަހަލައެވެ. ޔަޤީނުން ވެސް ޒަލަފްގެ ދުލުން އިވިގެންދިޔައެވެ. އޭނާ އިސް އުފުލާ ރަޚަބްއަށް ބަލާލިއެވެ. އެ ކޮޓަރިތެރޭގައި އަލިކަމެއް ނޫނީ ނުވެއެވެ.

“އަހަންނަށް މާފުކުރޭ…” ދެ ކަކޫމައްޗަށް ތިރިވެ އިނދެ ރަޚަބް ރޮއެގަތީ ބިރުން ރޫރޫ އަޅައަޅާ އިން މީހަކު ފަދައިންނެވެ. އަދި އޭނާ އެނބުރި ދާން ބޭނުންވިއެވެ. ޒަލަފްއާއި އޭނާއާ ގުޅުން ހުރި އެއްވެސް އިންސާނަކަށް ގެއްލުމެއް ނުދޭނަންކަމަށް ވަޢުދުވަމުންނެވެ. ޒަލަފް އޭނާގެ ބައްޕައާ ކުރިމަތިލިއެވެ. އެ ދެމެދުގައި ވަރުގަދަ އަޙުދެއް ކުރެވުނެވެ. ޒަރަސްގެ ނިމުން އައި ވަގުތު އެ ހިސާބުގައި ވެސް ޖިންނި ޝައިޠާނެއް ނުތިއްބެވެ. އެބައި މީހުންނަށް ވެސް އެކަމުން ފިލާވަޅެއް ލިބިގެންދިޔައެވެ. ޒަލަފްގެ އިޒުނައާއެކު ރަޚަބް ޣައިބުވެއްޖެއެވެ.

ފިނިނޭވާއެއް ދޫކޮށްލަމުން ޒަލަފް ދެ ލޯ މަރާލިއެވެ. މިކަން މި ނިމުނީކަން އެނގޭތީއެވެ. އޭނާއަށް ވަރުބަލިކަމެއް ވެސް ވަނީ ލިބިފައެވެ. އިމްރާނު އައިސް ޒަލަފްގެ ކޮނޑުގައި ހިފަހައްޓާލިއެވެ. ލިބުނު ކާމިޔާބުން އޭނާ އުފާވެފައި ހުއްޓެވެ. އެހެންނަމަވެސް

..މަރުޚަބާ ކިޔާކަށް ނުކެރުނެވެ. ޒަލަފް މަޑުމަޑުން ފަހަތަށް އެނބުރި އެނދުގައި އޮތް ޔަލާއަށް ބަލާލިއެވެ. އެހެން ހުއްޓާ އަރީޝާ ރަނގަޅުވެގެން އޭނާ ތެދުވެއްޖެއެވެ. މިފަހަރު އޭނާއަށް ވީގޮތެއް ކުޑަކޮށް ވެސް ހަނދާނެއްނެތެވެ. ޔަލާއަށް ބަލަން ހުރެފައި އަބްދުއްރަޢޫފަށާއި އަރީޝާއަށް ޒަލަފް ބަލާލިއެވެ.

“އަހަރެން މިވަގުތު ދަނީ…” ޒަލަފް މިހެން ބުނުމާއެކު ޣައިބުވެއްޖެއެވެ. އަބްދުއްރަޢޫފު ހައިރާންކަމާއެކު އިމްރާނަށް ބަލާލިއެވެ. އޭނާ ހުރީ ޒަލަފްއާ ވާހަކަދައްކަން ބޭނުންވެފައެވެ.

“އޭނާ އަދި އަންނާނެ… އޭނާ އަބްދުއްރަޢޫފުމެންނާ ދައްކަން ބޭނުންވާ ވާހަކަތަކެއް ހުރި ކަމަށް އަހަރެން ގާތުގައި ބުނި… ކަންބޮޑުނުވޭ… އިރާދަކުރެއްވިއްޔާ މިކަން މި ނިމުނީ… ދެން އެއްވެސް އުނދަގުލެއްނުވާނެ… އެމީހުންގެ ގާތުގައި ބުނޭ މި އަންހެންކުއްޖާއަށް އެމީހުންގެ ބޭސްކުރާށޭ… އޭރުން އޭނާގެ ގައިގާ ވަރުޖެހި ރޫފައަތުވެދާނެ… އޭނާއަށް ނުގޮވާތި… އަމިއްލައަށް ހޭލަންދެން ބާއްވާ… ކިތަންމެ އިރެއްވިޔަސް އޭނާ ހޭލާނެ… މިވީ އެއްވެސް ކަމެއް އޭނާ ރަނގަޅަކަށް ހަނދާނެއްނުހުންނާނެ، އެހެންވީމަ ހަނދާންކޮށްދޭން މަސައްކަތްނުކުރިއްޔާ އޭނާއަށް ވެސް އުޅޭން ފަސޭހަވާނެ… ދެން ހަނދާންކޮށްދޭތި އަހަރުމެންނަކީ ވެސް އިންސާނުންނާއެކު އުފައްދަވާފައިވާ ބަޔަކޭ… ލޮލަށް ނުފެނުނަސް އަހަރުމެން ފަދަ މީހުން ވެސް އުޅޭކަން ދަނެގެން އުޅޭށޭ… ނުބައި ޢަމަލުތައް ކުރުން ހުއްޓާލާށޭ… ރަނގަޅު ގޮތުގައި ދުނިޔޭގެ ދުވަސްތައް ހޭދަކުރުމަށް ފަރުވާތެރިވާށޭ…” އިމްރާނު ހުރިހާ ވާހަކައެއް ކިޔައިދިނުމަށްފަހު ޣައިބުވިއެވެ. ހަމަޖެހުމުގެ ނޭވާއެއް އަބްދުއްރަޢޫފަށް ލެވުނީ ދެނެވެ.

* * * *

ގޮނޑުދޮށަށް ބީއްސާލާފައި ވެލިގަނޑު ހިފައިގެން ދެމިގެންނަ ރާޅަށް ބަލަހައްޓައިގެން ޒަލަފް ހުރި އިރު އޭނާގެ ލޮލަށް ތަނެއް ނުފެނެއެވެ. އެއަށްވުރެ އޭނާގެ ދެ ލޯ ވަނީ ކަރުނުން ފުރި ފުސްވެފައެވެ. ހަޝަމްބަނދެލައިގެން ހުރިއިރު އޭނާގެ ހިތުގެ ޖަޒުބާތުތައް އެ ދެއަތުން މޭގައި އަޅާ ހިފަހައްޓަން މަސައްކަތްކުރާ ކަހަލައެވެ. ޔަލާ ގޮވައިގެން އެންމެ ގިނައިން އޭނާ ހިނގާލަން އަންނަ އަތިރިމައްޗަކީ އެއީއެވެ. އެ ހަނދާންތައް ޒަލަފް އައުކުރާން މަސައްކަތް ކުރާކަށް ނުޖެހެއެވެ. އެ ހަނދާންތައްވަނީ ޒަލަފްއާ ދުވަހަކު ވެސް ވަކިވުމެއްނުވާ ފަދައިން ބަނދެވިފައެވެ.

“ޔަލާ… އަހަރެންގެ ޔަލާ…” މަޑުމަޑުން ޒަލަފް ގޮވާލިއެވެ. އެހެންނަމަވެސް އެ އަޑު ޔަލާއާ ހަމައަށް ނުފޯރާނޭކަން އޭނާ ދެނެހުއްޓެވެ. ހިތުގައިވާ ލޯބި ގަނޑުފެންގަނޑަކަށް ބަދަލުވެ އިހުސާސްކުރެވުން ހުއްޓުމަކަށް އައުމަށް ޒަލަފްއަށް އެދެވުނެވެ. ހަށިގަނޑަށް ލިބޭ ވޭން އިހުސާސް ކުރެވޭވަރަށް ވުރެ އޭނާގެ ހިތް އޮތީ ލޭކޮށި ޒަހަމްވެފައެވެ. އެ ވޭން މާ ފުންވެފައި ވަރުގަދައެވެ. ތަޙައްމަލު ކުރުން ކުޅަދާނަކަމަކަށް ނުވެއެވެ.

“ޒަލަފް….” އިމްރާނުގެ އަޑު އިވުމާއެކު ޒަލަފް އަވަސް އަވަހަށް ދެ ލޯ ފުހެލައިފިއެވެ. އަދި އިމްރާނާ ކުރިމަތިލިއެވެ.

“ހިނގާ ދަމާ…” ޒަލަފް ބުނެލިއެވެ. އޭނާގެ ހަރަކާތްތަކުން އިމްރާނުގެ ހިތަށް ވެސް އަސަރު ކުރިއެވެ. ހަޤީޤަތުގައި ޒަލަފްއަށް ވޭންލިބޭކަން އިމްރާނު ދެނެހުއްޓެވެ. އެހެންނަމަވެސް އޭނާގެ ހިތަށް އަސަރުކުރީ ޒަލަފްގެ އެ ސިފަ އޭނާ ފޮރުވަން މިހާރު މަސައްކަތްކުރާތީއެވެ. އޭނާ ހިތާމަކުރަނީ އެކަންޏެވެ. އެ ހިތާމައިގައި އެއްވެސް މީހަކު ބައިވެރި ކުރާކަށް ނޭދެއެވެ. އިމްރާނުމެން ބޭނުންވި ފަދަ ޞާލިޙު ޒުވާނަކަށް ޒަލަފް ވެއްޖެއެވެ. އެހެންނަމަވެސް ލިބެންވީ ފުރިހަމަ އުފާވެރިކަމާއި ހިތްހަމަޖެހުން އިމްރާނަށް ލިބޭކަމުގައި އޭނާގެ ޟަމީރު އެއްބަހެއްނުވެއެވެ. އެކަނިވެރިކަން ޒަލަފް ވަނީ ޚިޔާރުކޮށްފައެވެ. ދުވަހަކު ވެސް އުފާވެރިކަމެއް އޭނާއަށް ނުލިބޭނޭފަދައެވެ.

“ދިއުމުގެ ކުރީން ޒަލަފްގެ ޢާއިލާއާ ބައްދަލެއް ނުކުރާނަންތަ؟” އިމްރާނު އަހާލިއެވެ.

“މިވަގުތަކު ނޫން…” ހުރިހާ އަސަރެއް ފޮރުވާލަމުން ޒަލަފް ބުންޏެވެ. އެއާއެކު އޭނާ ގޮވައިގެން އިމްރާނު އުދުހިގަތެވެ.

* * * *

ޢާއިލާއާއި ހެޔޮއެދޭ ހުރިހާ މެންބަރުން ޔަލާގެ އެނދުގެ ފައިލައިކޮޅުގައި އެއްވެފައި ތިއްބެވެ. އެނދު ކައިރީ ހުރި ގޮނޑީގައި އަރީޝާ ބައިންދާފައި އިނެވެ. އޭނާއަށް އޭރު ވެސް ރޮވެނީއެވެ. އަބްދުއްރަޢޫފު ހުރިހާ ކަމެއް ޔަލާގެ ޢާއިލާއަށް އޮޅުންފިލުވައިދިނެވެ. އެ ވާހަކަތައް ޔަލާއާ ޚިއްޞާނުކުރުމަށް އަބްދުއްރަޢޫފު އެދުނެވެ. ޒަލަފްއަކީ އިންސާނަކަށް ނުވި ނަމަވެސް ޞާބިރާގެ ހިތް ޒަލަފްއަށްޓަކައި ޝުކުރުން ފުރުނެވެ. އަދި އެއްފަހަރު ނަމަވެސް ޒަލަފްއާ ބައްދަލުވުމަށް އޭނާއަށް އެދެވުނެވެ. ހަމައެއާއެކު ޒަލަފް އިންސާނަކަށްވީނަމަ އޭނާގެ ދަރިފުޅުގެ ދިރިއުޅުން ބާއްޖަވެރި ވާނޭކަމުގެ އުންމީދު އައުވެގެންދިޔައީ ކީއްވެކަމެއް ޚުދު އޭނާގެ ވިސްނުމަކަށް ވެސް ނައެވެ.

ހުރިހާ އެންމެންގެ ތެރެއިން އެއްފަރާތްވެލީ ރީހާންއެވެ. އެތަނުގައި މިވަގުތު އޭނާގެ ބޭނުމެއްނެތްހެން އިހުސާސްވެގެންނެވެ. މަޑުމަޑުން ކޮޓަރީގެ ދޮރުހުޅުވާލާފައި ބޭރަށް ނުކުންއިރު ގޮނޑިބަރީގައި ޝިޔާރު އިންތަން ފެނުނެވެ. އޭނާއަށް ވެސް ރީހާން ފެނުމާއެކު ކުއްލިއަކަށް ތެދުވެގެން ރީހާންއާ ދިމާއަށް އާދެވުނެވެ.

“ކިހިނެއް މިހާރު…” ކަންބޮޑުވެފައި ހުރެ ޝިޔާރު އަހާލިއެވެ.

“ޝީޒް ބެކް…” މަޑުމަޑުން ރީހާން ބުނެލިއެވެ.

“އެއްކޮށް ރަނގަޅުވީތަ؟ ދެން ކިހިނެއް ހަދަންޖެހޭނީ…” ޝިޔާރު ހުރީ ޤަބޫލުކުރަން ދަތިވެފައެވެ. ޔަލާއަށް ވެފައިވާ ވަރު އޭނާ ވެސް ދުށްޓެވެ. އެކަމުން އެނބުރި ޔަލާ އަތުވެދާނެއެކޭ އޭނާގެ ހިތެއް އެއްގޮތަކަށް ވެސް އެއްބަހެއްނުވެއެވެ.

“ދެން އޮތީ އަހަރުމެން ޑޮކްޓަރުންގެ އަތްމަތީގައި… ޔަލާއަށް ގެއްލުމެއްލިބިފައި ހުރިއްޔާ އެކަމެއް ބަލާ ރަނގަޅުކުރާން އަހަރުމެން އުޅެންވީ….” ރީހާން ބުންޏެވެ.

“ސިތާރާކޮބާ؟ އެންމެން ވެސް އެތެރޭގައިތަ؟ މިހާރު ޔަލާއާ ބައްދަލުކުރެވޭތަ؟” ޝިޔާރު މިފަހަރު ވެސް އެތައް ސުވާލެއް އެއްފަހަރާ ކޮށްލިއެވެ. އޭނާގެ ކޮނޑުގައި ރީހާން މަޑުމަޑުން ކަނާތް ބާއްވާލިއެވެ. ހަމަޖެހޭށޭ ބުނާން އުޅުނު ކަހަލައެވެ.

“މިވަގުތު ޔަލާގެ ގާތަށް ދާނެކަމެއްނެތް… އިޓްސް ފެމިލީ ޓައިމް… އަހަރުމެން ފަހުން ވަދެލާނީ ދޯ…” ވިސްނައިދޭފަދަ ގޮތަކަށް ރީހާން މިހެން ބުނުމުން ޝިޔާރު ވެސް އޭނާއަށް ބަލާލައިފައި އެއްބަސްވުމުގެ ގޮތުން ބޯޖަހާލިއެވެ.

“އެއްޗެއް ކައިފިންތަ؟” ރީހާންގެ ހާލު އޮޅުންފިލުވާން ޝިޔާރު ހަނދާންވީ ދެނެވެ. ޔަލާގެ ހާލު ބޮޑުވެގެން ގެނައި ވަގުތުން ފެށިގެން ހަތަރުދަމު ކަހަލަ ގޮތަކަށް ރީހާން އުޅެނީ ހޮސްޕިޓަލުގައެވެ. އޭނާގެ ހާލު އޮޅުން ފިލުވާނޭ މީހަކަށް އެތަނުގައި މިވަގުތު ހުރި މީހަކީ ޝީޔާރުކަން ޚުދު އޭނާއަށް ވިސްނުނީ ކަހަލައެވެ.

“ހެނދުނު ސައިބުއިގޮތަށް މިހުރީ… އެކަމަކު އެއްޗެއް ކާން މިތަނުން ދާނީ ޔަލާ ޗެކްކޮށްލާފައި…”

“އެހެންވީރު އަހަރެން ވެސް ރީހާންއާއެކު ދާން މި މަޑުކުރީ… އާދޭ ގޮނޑިބަރީގައި ޖައްސާލަން” ޝިޔާރާއެކު ރީހާން އައިސް ގޮނޑިބަރިން ގޮނޑިއެއްގައި އިށީނެވެ. އޭރު އެމީހުންނާ ދުރުގައި ހުޅުވާފައި ހުރި ކުޑަދޮރެއްގެ ކައިރީ ދަޔާން ހުއްޓެވެ. ނަމަވެސް އޭނާއަށް އެމީހުންގެ ފަރުވާލެއްނެތެވެ. ރީހާންއާއި ޝީޔާރާ ދެމެދަށް ވެރިވެގެން ދިޔަ ހިމޭންކަން ފޫދުއްވާލަމުން ޝިޔާރު ވާހަކަދެއްކިއެވެ.

“ކޮންއިރަކު ދިމާވިކަމެއްތަ؟…. އަހަރެން ވެސް އަލަށް މި ދުށީ ޖިންނި މޮޔަވެފައި ހުރި ކުއްޖަކު…” ސިކުނޑިން ފުހެލަން ދަތިވެފައިވާ މަންޒަރުތަކާ މެދު ވިސްނަން އިނދެ ޝިޔާރު ވާހަކަދެއްކިއެވެ.

“ޖިންނިއެއް އަވަލީ… ބައެއްފަހަރު މީހަކު ކަމެއް ނުކުރިޔަސް އެ މީހުން އަމިއްލައަށް އަވަލައެއްނު…” ކޮންމެވެސް ވަރަކަށް ހަޤީޤަތް އެނގޭއިރު ވެސް ޔަލާގެ ވާހަކަ ދައްކަން ރީހާންއަށް އުނދަގޫވިއެވެ. ހޮސްޕިޓަލުގައި ޔަލާގެ ގާތުގައި ހޭދަކުރި ދުވަސްތަކަކީ ރީހާންއަށް ވެސް ދަތި ދުވަސްތަކެއްކަމުގައި ވިއެވެ. ޔަލާގެ ހާލު ދުށުމަށް ކެތްނުވާ ހިސާބަށް ވެސް ދިޔައެވެ. އެހެންނަމަވެސް ޔަލާ އޮތް ހާލައިގެން ދޫކޮށްލާކަށް އެންމެ ހިނދުކޮޅަކަށް ވެސް ރީހާންގެ ޟަމީރު އެއްބަހެއްނުވިއެވެ.

“ނަސީބެއްނު ދޯ އެކުއްޖާ އެހާލުގައި އޮވެފައި ވެސް ރަނގަޅުވީކަން… އަހަރެން ހާދަ ދެރަވިއޭ ޔަލާ އޮތް ހާލު ފެނިފައި… ހިތަށް އެރި އެކުއްޖާ ދެން ގަދައެއްނުވާނެއޭ… އެ އޮތްގޮތަށް އޮވެ އަހަރުމެންނާ ވަކިވެދާނީއޭ… އެހެންނުވީތީ މިއަދު ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބިއްޖެ… އަލްޙަމްދުލިﷲ… ޔަލާގެ ފުރާނަ ސަލާމަތްވީތީ… އެ ނުބައި ޖިންނީންގެ އުނދަގޫތަކުން އެކުއްޖާ ސަލާމަތްވީތީ…” ދެ ކަކުލުގައި އަތްއަޅުވާލައިގެން ކުޑަކޮށް ގުދުވެލައިގެން އިން ޝިޔާރު ބުންޏެވެ.

“ޞާބިރާ… ހިތްވަރުކުރޭ… ﷲގެ ރަޙުމަތްފުޅުން މިކަމުން ވެސް އިރާދަކުރެއްވިއްޔާ ސަލާމަތްވެއްޖެއެއްނު… މީ ޝުކުރުވެރިވާންވީ ވަގުތު… ދެން އިތުރަށް ރޮއެ ހިތާމަ ނުކުރޭ…” ޞާބިރާގެ ކޮނޑުގައި ފިރުމާލުމާއެކު ރާމިޒާ ބުންޏެވެ. އޭރު ސިތާރާގެ ގައިގާ ބައްދާލައިގެން ލުހާ ހުއްޓެވެ. އެ ދެ މީހުންގެ ނަޒަރު ވެސް ހުއްޓިފައި ހުރީ އެނދުގައި އޮތް ޔަލާއަށެވެ. ސިފަގެއްލިފައި ވިޔަސް ޔަލާގެ މޫނުމަތިން މިހާރު އަރާމު ފުން ނިންޖެއްގައި ހަމަޖެހިގެން އޮތްކަން އެ މޫނަށް ބަލާލާ ކޮންމެ މީހަކަށް ވެސް ސިފަވެގެންދާނޭކަން ޔަޤީނެވެ. ސިތާރާއާއި ލުހާގެ ލޮލުން ވެސް ފައުޅުވަމުން ދިޔައީ އުފާވެރިކަމުގެ ކަރުނައެވެ. ޔަލާއަށް ލިބެމުންދިޔަ އަނިޔާވެރިކަމަށް ނިމުމެއް އައިސްފިކަން އެނގުމުންނެވެ.

“ސިތާރައްތާ! ޔާލް އެއްކޮށް ރަނގަޅުވީތަ…” ޔަލާއަށް ގެއްލިފައި ހުރެ ލުހާ އަހާލިއެވެ. އޭނާއަށް ވެސް ޤަބޫލުނުކުރެވިފައި ހުރި ކަހަލައެވެ.

“އާން!…. ދެން އިރާދަކުރެއްވިއްޔާ އަހަރުމެންގެ ޔަލާއަކަށް އެފަދަކަމެއް މެދުވެރިއެއްނުވާނެ…” އިހުނަށްވުރެ ގަޔާ ލުހާ ގާތްކޮށްލަމުން އޭނާގެ ކޮނޑުގައި ސިތާރާ ފިރުމާލިއެވެ.

އަރީޝާ ތެދުވަން އުޅުމުން އޭނާގެ ގާތުގައި ހުރި އަބްދުއްރަޢޫފު އަވަސް އަވަހަށް އަރީޝާގެ ކޮނޑުގައި ހިފަހައްޓާލިއެވެ. އެހިނދު އެތަނުގައި ތިބި އެންމެންގެ ސަމާލުކަން އަރީޝާއަށް ހުއްޓުނެވެ. އޭނާ ކުރަންއުޅޭ ކަމެއް ނޭނގިފައި އަބްދުއްރަޢޫފު ހުއްޓާ މަޑުމަޑުން އައިސް ޞާބިރާގެ ކުރިމަތީ އަރީޝާ މަޑުކޮށްލިއެވެ. އަދި ޞާބިރާގެ ދެ އަތުގައި ހިފާލުމާއެކު ރޯންފެށިއެވެ.

“އަހަންނަށް މާފުކުރާނަންތަ؟” އިސްޖެހިފައި ހުރެ އަރީޝާ ބުންޏެވެ. އެހިނދު އޭނާގެ ދެއަތުގެ ތެރެއިން ޞާބިރާގެ ދެއަތްތިލަ މިނިވަންކޮށްލުމާއެކު އަރީޝާގެ ގައިގާ ބައްދާލިއެވެ.

“އަހަރެން ކައިރިން އަރީޝާ މާފަށް އެދޭވަރު ކަމެއް ނުވޭ… މީ މިންވަރުފުޅުގައި އޮތް ގޮތް… އެކަމުގައި އަހަރުމެން އެކަކުގެ ވެސް ކުށެއްނެތް…” ޔަލާގެ ހާލާމެދު އަރީޝާ ހިތާމަކުރާވަރު ޞާބިރާއަށް އެނގެއެވެ. އެކަހެރިކޮށް އިނދެ ރޯ ރުއިން ޞާބިރާއަށް ފެނެއެވެ. އެހެންނަމަވެސް މިނޫނީ އޭނާ އަރީޝާއާ މިފަދަ ގޮތަކަށް ވާހަކައެއް ނުދައްކައެވެ. ކަންތައްވީގޮތް އެނގުނު ދުވަހުން ފެށިގެން އެ ދެމެދަށް ވެރިވެފައި އޮތް ހިމޭންކަން މިއަދު ފުނޑުފުނޑުވެއްޖެއެވެ. އަރީޝާގެ ކުށެއް މިކަމުގައި ނެތްކަން ޞާބިރާ އަބަދުވެސް ޤަބޫލުކުރެއެވެ. އެހެންނަމަވެސް އެކަން ދުލުން ހާމަކުރާން ވަގުތު ނެގީއެވެ. ހިތުގައިވާ އެއްޗެއް ދުލުން ހާމަކުރެވުނީތީ މިހާރު އޭނާގެ ހިތަށް ބަޔާންކުރާން ދަތި ހަމަޖެހުމެއް ލިބިއްޖެއެވެ.

“ކޮބާ ރިހާން… ޔަލާގެ ހާލު ނުބަލާ އޭނާ ކޮންތާކަށް ދިޔައީ” ނަފްސު ހަމައަކަށް އެޅުމާއެކު ޞާބިރާ ސުވާލުކޮށްލިއެވެ.

“ބޭރަށް ނުކުތީ…” ކޮޓަރީގެ ދޮރުކައިރީ މަޑުކޮށްލައިގެން ހުރި ޒާލިފު ބުންޏެވެ. އޭނާ ފެނުމާއެކު ޞާބިރާއަށް އިރުކޮޅަކަށް ހުއްޓުން އެރިއެވެ. ކުރިމަތީގައި ފެންނަން ހުރި ސޫރަ ފެނިފައެވެ. މީހާ ތަފާތު ވިޔަސް އެއީ ހަމަ އެ ސިފައެވެ.

“ރީހާންއަށް ގޮވާލަންތަ؟” ޞާބިރާ ގަނޑުވެ ބަލަން ހުރި ގޮތް ފެނިފައި ޒާލިފު ވާހަކަދެއްކިއެވެ. ޞާބިރާ މަޑުމަޑުން ބޯޖަހާލިއެވެ.

ދޮރުހުޅުވާލުމާއެކު ރީހާންއަށް ޒާލިފު ގޮވާލިއެވެ. އެހިނދު ރީހާންއާއެކު އިން ޝިޔާރު ވެސް ތެދުވެ ޔަލާ އޮތް ކޮޓަރިއަށް ވަނުމަށް އައެވެ. އެ މީހުން އެތެރެއަށް ވަނުމާއެކު ޔަލާގެ ހާލު ބެލުމަށް ޞާބިރާ އެދުނެވެ. އެހެންވެ ޔަލާގެ އެނދު ކައިރިއަށް ރީހާން ޖެހިލިއެވެ. އަދި ޔަލާގެ ވިންދު ބަލާލުމާއެކު ގުޅާފައި ހުރި އައިވީއަށް އަވަސް ނަޒަރެއް ދިނެވެ.

“މިވަގުތަށް ރަނގަޅު… ޔަލާގެ ނޭވާލުން ވެސް މިހާރު ނޯމަލް… ލޭ ހުރި ވަރެއް ބަލާލަން ނަރުސްކުއްޖަކު ފޮނުވާނަން… އިތުރު ބަދަލެއް އަތުވެއްޖެނަމަ އަޅުގަނޑަށް ގުޅާލާ…” ޔަލާގެ ހާލު ބެލުމަށްފަހު ފަޓުލޫނުގެ ޖީބަށް ދެއަތްތިލަ ކޮށްޕާލަމުން ރީހާން ބުންޏެވެ.

“މިހާރު ދެން އެންމެ ރަނގަޅުވާނީ މިތަނުގައި ކޮންމެހެން ވެސް މަޑުކުރާންޖެހޭ މީހުން ތިބެފައި އެހެންމީހުން އަރާމުކޮށްލަން ގެއަށް ދިޔައީވިއްޔާ… އެއްވެސް އަރާމެއްނެތި މިތަނުގައި ކިހާ ދުވަހަކު ތިބެވިއްޖެ… ޞާބިރާ… މިހާރު ހަވީރުވީއެއްނު… އަހަރެން ވެސް ގެއަށް ވަދެލާފައި އިރުއޮއްސެން ވާއިރަށް އަންނާނަން… ކަމެއް ގޯސްވަންޏާ އަވަހަށް ގުޅާތި… އެކަމަކު ދެން ހިޔެއްނުވޭ އެއްވެސް ކަމެއް ދިމާވާނެހެން…” އަބްދުއްރަޢޫފު މިހެން ބުނުމުން ޞާބިރާ ބޯޖަހާލިއެވެ. އޭނާ ނުކުމެގެން ދިޔައީ އަރީޝާއާއި ޒާލިފު ވެސް ގޮވައިގެންނެވެ.

“ލުހާ… ސިތާރައްތައާއެކު ދާންވީނު ފެންވަރާ ހަދާލައިގެން އަންނަން… ރައްޔާއަށް ވެސް ގުޅާފައި މި ޚަބަރު ދީ… އޭނާއަށް ވެސް މިހާރު ޔަލާއާ ބައްދަލުވެވޭނެ…”

“ތެދެއް ސިތާރާ… ދަރިފުޅު ދޭ ލުހާ ގޮވައިގެން ގެއަށް… ދަޔާން ވެސް އެބައުޅެއެއްނު… ގެއަށް ގޮސް ލުހާއަށް ކާއެއްޗެއްދީ ހަދައިގެން އަންނާތި… ލުހާ އެކަނިވިޔަ ނުދޭތި… ދަޔާން ކައިރީ ބުނާތި ދަރިފުޅުމެންނާއެކު އުޅެއްޗޭ… މަންމަ އިހަށް މަޑުކޮށްލާނީ ޞާބިރާއާއެކު…” ރާމިޒާ ބުންޏެވެ.

* * * *

“އަހަރެންގެ އަޙް އަބްދުﷲ… އަހަންނަށް އެއް ޚިޔާލެއް އުނދަގޫ އެބަކުރޭ… އަހަރުމެންނާއެކު ހުރިހާ ކަމެއްގައި އޭނާ އެންމެ ފުރިހަމަ ގޮތުގައި ބައިވެރިވޭ… އެކަމަކު އަހަންނަށް ހިތްހަމަޖެހުމެއް ނުލިބޭ… އެއީ ކީއްވެތަ؟” ދުރަށް ނަޒަރު ހުއްޓާލައިގެން ހުރެ އިމްރާނު ބުންޏެވެ. އެ އަޑުގައި އޭނާއަށް ލިބިފައިވާ ނުތަނަވަސްކަމުގެ އަސަރު އެކުލެވިފައި ވިއެވެ. އޭރު އޭނާގެ ގާތުގައި އަބްދުﷲ މަޑުކޮށްލައިގެން ހުއްޓެވެ. ދެ މީހުންގެ ނަޒަރު ވެސް ހުރީ ކުޑަ ގޭގެ ބިއްދޮށުގައި ހެދިފައި ހުރި ކާނިގަހުގައި ލެނގިލައިގެން ދުރުން ފެންނަން އޮތް މޫދަށް ބަލަހައްޓައިގެން ހުރި ޒަލަފްއަށެވެ.

“އަދިކިރިޔާ އިމްރާނަށް އޭނާގެ ހާލު ތި އެނގެނީ… އޭނާ ނުހިފެއްޓިގެން އުޅުނު އިރު އެކަކަށް ވެސް ނުވިސްނޭ ހަޤީޤަތުގައި ކިހާ ވޭނެއްކަމެއް އޭނާގެ ސިކުނޑިއާއި ހިތް އުފުލަމުންދިޔައީ… ކުޑަކުއްޖަކު ފަދައިން އެ ހިތާމަތަކާ ކުރިމަތިލާނޭގޮތެއް އޭނާއަށް މީގެ ކުރިން ނޭނގުނީ… މިހާރު އޭނާ އެ ދަނީ އޭރު ތަހައްމަލު ކުރާން ނޭނގުނު ހިތްދަތިކަމާއި ވޭނަށް ކެތްތެރިވަމުން… ސިކުނޑީގެ ބޭނުން ހިފަން ދަސްކުރަމުން… އޭނާ އެކަމުގައި ވާނީ ކިހާ ދުވަހެއްކަމެއް އެއީ އެކަކަށް ވެސް އެނގޭނޭ ކަމެއްނޫން… އެހެންވިޔަސް މިއަދު އަހަރެން އެކުއްޖާފުޅާ މެދު ފަޚަރުވެރިވޭ… ރަނގަޅުގޮތުގައި ފައިތިލަ ސާބިތުކުރާން މަސައްކަތްކުރާތީ… އަހަރެންގެ ކުރިމަތީގައި މިއަދު އޭނާގެ ހިތްވަރު މާ ގަދަ…. އޭނާގެ އެ ހިތްވަރު ބަލިކަށިވިޔަ ނުދީ އޭނާގެ ވަށައިގެންވާ ތަނބުތަކެއްކަމުގައި އަހަރުމެން ވާން ޖެހޭނެ… މިއަދު އޭނާގެ އަހަރުމެން ނޫނީ ބަޔަކުނެތް… އެކަން ހަނދާންނައްތާނުލާތި…”

“ސަލާމް… ވަރަށް ލަސްވެއްޖެ… އަވަހަށް ހިނގާ ދަމާ…” ދުރުން އައިސް މަޑުކޮށްލި ޔޫޝައު ބުންޏެވެ. އެއާއެކު އަބްދުﷲއާއި އިމްރާނުގެ ދެމެދުގައި ދެކެވެމުން އައި ވާހަކަ ހުއްޓާލުމާއެކު ޒަލަފްއަށް އަބްދުﷲ ގޮވާލިއެވެ. އޭނާ މަޑު ހިނގުމުގައި އައިސް އެ މީހުންގެ ޖަމާއަތުގައި ބައިވެރިވިއެވެ.

މަޣުރިބު ނަމާދަށްފަހު މިސްކިތުގައި އިނދެ އަބްދުﷲ ކިޔަވަމުންދިޔައެވެ. އޭނާގެ ވަށައިގެން އިމްރާނާއި ޔޫޝައުގެ އިތުރުން ޒަލަފް އިށީނދެ ތިއްބެވެ. އޭނާގެ ކިޔެވުމުގެ އަޑު އެހުމުގައާއި އަޑު ދަށުން ކިޔެވުމުގައެވެ. ޤުރުއާނުގެ އާޔަތްތައް އަބްދުﷲ ކިޔަވަން ފެށުމުން ޒަލަފްއަށް އެއްވެސް އުނދަގުލެއް ނެތި މާނަ ފަހުމްވާން ފެށިއެވެ. އެމީހުންނާއެކު ހޭދަވެގެން ދިޔަ ކުޑަ ދުވަސްކޮޅުގެ ތެރޭގައި ޒަލަފްއަށް އެ މީހުންގެ ބަހުގެ އިތުރުން ޤުރުއާން ޝަރަހަކުރާން އެނގުނެވެ. އަބްދުﷲ ކިޔަވަމުންދިޔަ އާޔަތްތަކުން ޒަލަފްއަށް ފުން އަސަރުތަކެއް ކުރާން ފެށިއެވެ. ހީވީ އޭނާއަށް ހަނދާންކޮށްދެމުންދާ ހެނެވެ. ބިރުވެތިވާށޭ ގޮވާހެނެވެ. ދެކޮޅު ހެދުމެއް ގަދަދެއްކުމެއް އޭނާގެ މައްޗަކަށް ނުވެއެވެ. އިންސާނުންނާ ގާތް ނުވުމަށް ބުނަމުންދާހެނެވެ. ދިރިހުރި ކޮންމެ އެއްޗަކީ މަރުވެ ފަނާވާނެ އެއްޗެއް ކަމެވެ. ދުނިޔޭގެ މި ވަގުތީ ގޮވެއްޗަކީ މަރުވުމަށްފަހު ތިމާއަށް ލިބޭނޭ އަޒާބުތަކުން މިންޖުވުމަށްޓަކައި ކޮންމެ އިންސާނަކާއި ޖިންނައަކަށް ވެސް ލިބިފައިވާ ހަމައެކަނި ފުރުޞަތެވެ. މުށިތަކެއްފަދަ ހިކި މަށިން، އެކަލާނގެ އިންސާނުން ހެއްދެވިއިރު ޖިންނީން އުފެއްދެވީ ދުންނާރާ އަލިފާނެއްގެ ހުޅުގަނޑުން ކަމެވެ. ވީއިރު މި ދެބައިމީހުންނަކީ އެކުގައި އުޅުމަށް އެކަލާނގެ ހައްދަވާފައިވާ ބައެއް ނޫންކަމެވެ. އަދި އިންސާނުން އެބައިމީހުންގެ ނަސްލުގެ މީހުންގެ ތެރެއިން މީހުނާ އިނދެ ދަރިފަސްކޮޅު އިތުރުކުރުމާއި ޖިންނީން ވެސް އެފަދައިން ކަންތައްކުރުމަށެވެ. އަބްދުﷲގެ ކިޔެވުން ކުއްލިއަކަށް މެދުކެނޑުނީ އެއްވެސް ހިފެހެއްޓުމެއްނެތި ގިސްލަގިސްލާފައި ޒަލަފް ރޯން ފެށުމުންނެވެ. ލޮލުގައި ކަނާތް އަޅައި ފޮރުވާލުމާއެކު ޒަލަފް އިސްޖަހާލިއެވެ. ޒަލަފްގެ ބުރަކަށީގައި ޔޫޝައު ފިރުމާލިއެވެ. ހަމައެހިނދު އޭނާގެ ކަނާތްފަރާތުގައި އިނދެފައި ޒަލަފްގެ ކޮނޑުގައި އިމްރާނު ހިފާލިއެވެ. އަބްދުއްﷲ ކުޑަހިނދުކޮޅަކަށް މެދުކަނޑާލި ނަމަވެސް އަލުން އޭނާގެ ކިޔެވުން ކުރިއަށް ގެންދިޔައެވެ. އިޝާނަމާދުގެ ވަގުތު ޖެހުނުއިރު ވެސް ޒަލަފްއަށް ހުއްޓައެއް ނުލެވުނެވެ. ނަމާދުގައި ވެސް ރޮވެނީއެވެ. އެހެންނަމަވެސް ހުއްޓާލަން އޭނާ މަސައްކަތް ކުރިއެވެ. ނަމަވެސް ޤުރުއާނުގެ އާޔަތްތަކުގެ އަޑުއިވުމުން އޭނާގެ ހިތަށް އެ ކުރެވޭ އިހުސާސް ޚުދު އޭނާއަށް ވެސް ދެނެގަންނާކަށް ނޭނގެއެވެ. މީހާ މަޑުކަފަކޮޅަކަށް ހަދާލާ ކަހަލައެވެ. ނާރުތަކުގައި ނޭނގޭ ބާރެއް ދައުރުވާން ފަށާ ކަހަލައެވެ. ނަމާދުން އަވަދިވެ މިސްކިތުން މީހުން ފައިބަން ފެށިއިރު ބައެއްމީހުން ހައިރާންވެ ޒަލަފްއަށް ބަލަން ތިއްބެވެ. އޭނާ ސަލާމް ދިނުމަށްފަހު ވެސް ކޮޅަކަށް ނުދެތުވެއެވެ.

“ޒަލަފް… ތަޢުބާވުމަކީ ﷲ ލޯބިވެވޮޑިގަންނަވާ ސިފައެއް… ތި ވަރަށް ހިތާމަނުކުރޭ… މިހާރު ތީ ކުރީގެ ޒަލަފްއެއްނޫން… ކެޔޮފުޅާ ދެން ހުއްޓާލަބަލަ…” ކުޑަކުއްޖަކު ފަދައިން ޒަލަފް ނަގާ ގެނެސް ގަޔާ ކައިރިކޮށްލުމާއެކު އަބްދުﷲ ބުނެލިއެވެ.

“ދަރިފުޅާ… އީމާންތެރިންގެ ހިތްވަނީ ތިފަދައިން… ސާފު ޠާހިރުކަންމަތީ… އެކަލާނގެ ބަސްފުޅު އިވޭ ހިނދު އެ ކަލިމަތަކުގެ ފުރިހަމަކަން ހިތަށް ވަދެ ބިރުވެތިކަން ހިތަށް ވަންނަ މިހާ މާތްވެގެންވޭ… ދަރިފުޅަށް ހެޔޮ ރަޙުމަތް ލައްވާށި” އިމްރާނުމެންގެ ތެރެއިންވާ މުސްކުޅިޔަކު އައިސް އަބްދުއްﷲގެ ގައިގާ ޖައްސާލައިގެން ހުރި ޒަލަފްގެ ބުރަކަށީގައި ފިރުމަމުން ބުނެލިއެވެ. އެހިނދު ދުވަހަކު ވެސް ނުކުރެވޭ ފަދަ އިހުސާސެއް އިމްރާނަށް ކުރެވިގެންދިޔައެވެ. އޭނާގެ ދެ ލޯ ފެންކަޅިވެ ތުންފަތަށް ހިނިތުންވުމެއް ވެރިވެގެންދިޔައެވެ.

* * * *

އިމްރާނު ބުނި ފަދައިން މަޑުމަޑުން ޔަލާގެ ހާލު އައީ ރަނގަޅު ވަމުންނެވެ. އޭނާގެ ހަށިގަނޑަށް ދެފަހަރެއްގެ މަތީން ލޭ އަޅަން ޖެހުނެއްކަމަކު ހަށިގަނޑުގައި މިހާރުވަނީ ވަރުޖެހިފައެވެ. އިހު ހުރި ސިޙައްތާއި ރޫފަ އަތުވެއްޖެއެވެ. ލޮލަށް ލިބިފައިވާ ގެއްލުމުގައި ލޮލުގެ ރަތްކަން ކެނޑި ރިހުން ތިރިވެއްޖެއެވެ. ނަމަވެސް ޔަލާ ވަނީ އުމުރަށް އައިނު އަޅަން ޖެހިފައެވެ. ހަށިގަނޑުގައި ހުރި ޒަހަމްތައް މުޅީން ފަސޭހަވީއެވެ. އެންމެންގެ މޫނުމަތިން އުފާވެރިކަން ފެންނަން ފަށައިފިއެވެ. ފުރިހަމަ ދެ މަސް ދުވަހަށް ފަހު މިއަދަކީ ޔަލާ ހޮސްޕިޓަލުން ދޫކޮށްލާ ގެއަށް ބަދަލު ކުރި ދުވަހެވެ.

“ރީހާން…. ރަނގަޅަށް ސައިބޮއެގެން ދާންވާނީ…” ގޭގައި ވަރުގަދައަށް ސައިހަދާފައި އޮތްއިރު ކާކޮޓަރިން ނުކުންނަން ހިނގައިގަތް ރީހާނަށް ޞާބިރާ ގޮވާލާފައި ބުނެލިއެވެ.

“އަޅުގަނޑަށް ވާވަރުވެއްޖެ…” ހީނލާފައި ރީހާން ބުނެލިއެވެ.

“ކޮންއަޅުގަނޑެއްތަ… ތީ ވެސް މިހާރު މިގޭ ކުއްޖެއްނު…. ދުރުހިލޭ މީހުން އުޅޭހެން ނޫޅެބަލަ… ކޮބާތަ ޔަލާ… ދޭބަލަ އޭނާ ވީތަނެއް ހޯދަން…” ރާމިޒާއާއި އަރީޝާއާއެކު ބަދިގެތެރޭގައި ހަރަކާތްތެރިވަމުން ދިޔަ ޞާބިރާ ބުންޏެވެ.

ސިޓިންރޫމަށް ރީހާން ނުކުންއިރު ދެ މީހުންނަށް ކުރިމަތިވާނޭހެން ޒާލިފާއި ޔަލާ އިނެވެ. އެ ދެމެދުގައިވާ ނުތަނަވަސްކަން މުޅި މާޙައުލަށް ވެސް ވެރިވެފައި ވާ ކަހަލައެވެ. ބަހެއް ވެސް ނުބުނެ ދެ މީހުން ތިބިއިރު އެކަކު އަނެކަކަށް ސިއްރުން ބަލާކަން ދުރުގައި މަޑުކޮށްލައިގެން ހުރި ރީހާންއަށް ފާހަގަކުރެވުނެވެ. އެވަގުތު ބޭއިޚްތިޔާރުގައި ރީހާންއަށް ތުންފިއްތާލެވުނެވެ.

“ރީހާން….” މީހެއްގެ ހިލަމެއް ވީހެން ހީވެ ފަހަތަށް ބަލާލި ޒާލިފު ގޮވާލިއެވެ. ހީވީ އެތަނަށް ވެރިވެފައި އޮތް ހިމޭންކަން ކަނޑުވާލާނޭ އުޒުރަކަށް ނޫނީ ފުރުޞަތަކަށް ބޭނުންވެފައި އޭނާ އިންހެނެވެ. ޔަލާ އަވަސް އަވަހަށް ރީހާންއަށް ބަލާލުމާއެކު ހިނިތުންވެލަން އުޅުނެވެ. ހަމަ އެވުގުތު އެ ތިން މީހުންގެ ނަޒަރު ހުއްޓުނީ ދޮރޯށި ހުޅުވާލާފައި ހެމުންހެމުން ވަދެގެން އައި ޝިޔާރުއާއި ސިތާރާއަށެވެ. އެމީހުންގެ ފަހަތުން ކުޑަދަރިފުޅު އުރާލައިގެން ހުރެ ރައްޔާ ވަނެވެ.

“ހެލޯ މޭން…” ރީހާން ފެނުމުން ޝިޔާރު ބުނެލިއެވެ. އެއާއެކު އަޖައިބުވެފައި ހުރި ގޮތަކަށް ރީހާން ބަލާލީ ޝިޔާރަށާއި ސިތާރާއަށެވެ. އެ ދެމެދުގައި ކުރިން އޮތް ހަތުރުވެރިކަމުގެ ގުޅުން ބަދަލުވެއްޖެކަން ރީހާންއަށް ވެސް ފާހަގަވެއްޖެއެވެ.

“އޭތް! ފަހުން އިނގޭ…ފަހުން ބުނާނަން….” ރީހާން ބަލާލި ގޮތުން އޭނާ އަހަން ބޭނުންވެފައި ހުރި އެއްޗެއް އެނގިގެން އުޅޭ މީހަކުހެން ޝިޔާރު އަވަސްއަރުވާލާފައި ބުނެލިއެވެ.

ސިޓިންރޫމުގައި މީހުން ގިނަވެ އަޑުފަށްގަނޑު ގަދަވި ވަގުތު ބަލާފައި މަޑުމަޑުން ޔަލާ ތެދުވެގެން އައިސް ސިޓިންރޫމު ދޮރުކައިރީ މަޑުކޮށްލިއެވެ. އެ މޫނުމަތިން ފައުޅުވަމުންދިޔައީ ކަމަކަށް ކެތްތެރިކަން ކުޑަވެފައިވާ މިންވަރެވެ. އިންތިޒާރުގައި ހުރިކަމެވެ. ދޮރުކަނީގައި ލެނގިލައި ބޯޖައްސާލައިގެން އުޑުމައްޗަށް ބަލަހައްޓައިގެން ޔަލާ ހުއްޓެވެ.

“ވައި އާ ޔޫ ނޮޓް ހެޕީ…” ދާދި ކައިރިން ޔަލާއަށް އިވިގެން ދިޔައީ ރީހާންގެ އަޑެވެ. އޭނާގެ ކުޑަކުޑަ ހަރަކާތަކަށް ބަދަލު އަޔަސް ރީހާންއަށް އެނގެއެވެ. އޭނާ އެވަރަށް ޔަލާއަށް ފާރަލައެވެ. ބައެއްފަހަރު އެކަނިވެރިކަން އިންތިހާއަށް ދާ ވަގުތު ތަކުގައި ރީހާން ފަދަ މީހަކު ހުރީތީ ޔަލާއަށް ހިތްވަރު ލިބެއެވެ.

“ކަމެއްނުވޭ….” އިސްޖަހާލަމުން މަޑުމަޑުން ޔަލާ ބުންޏެވެ.

“އަހަރެން އަބަދުވެސް ޔަލާއާއެކު ހުންނާނެކަން ޤަބޫލުކުރައްޗޭ… އައި އޭމް އޯލް ވޭޒް ވިތް ޔޫ… ކޮންމެ ކަމެއް ވެސް އަހަންނާ ޝެއަރ ކުރެވިދާނެ… އަހަރެން އަޑުއަހާނަން…. ޕްލީޒް… ޔަލާ ދެރަވެފައި ހުންނާކަށް އަހަރެން ނޭދެން…” ޔަލާގެ ކޮނޑުގައި ޒަލަފް އަތްލަން އުޅުނު ވަގުތު އޭނާ ދިޔައީ ސިއްސައިގެންނެވެ. ކުއްލިއަކަށް އަރިއަކަށް ޖެހިލިގޮތުން ރީހާން ވެސް ސިހުނެވެ.

“ސޮރީ…” ނިކަން އަވަހަށް ރީހާން ބުނެލިއެވެ.

“އަހަރެންގެ ގައިގާ އަތްލީމަ އަހަންނަށް އެހާ ކަމަކުނުދޭ…” ނުކެރިފައި ހުރި ފަދަ ގޮތަކަށް ޔަލާ ބުނެލިއެވެ.

“އިޓްސް އޯކޭ… ދެން އެހެނެއްނުވާނެ…” ކުޑަކޮށް ހިނިތުންވެލާ ހަމަޖެހޭކަން ދައްކަމުން ރީހާން ބުނެލިއެވެ. އެހިނދު ކޮންމެވެސް ވަރެއްގެ ހިނިތުންވުމެއް ޔަލާގެ ތުންފަތުން ފައުޅުވާން އުޅުނެވެ. އެހެންނަމަވެސް ޒާލިފަށް ގޮވާލި އަޑު އިވި އެ ދިމާއަށް ޔަލާގެ ސަމާލުކަން ހުއްޓުމާއެކު އޭނާގެ ނަފްސު ކުއްލިއަކަށް މޮޅީގެ ސާލެއް އޮޅާލި ކަހަލައެވެ. އޮއްސިފައިވާ މޫނާއެކު ހަޝަމްބަނދެލައިގެން ހުރެ ގޮސް ލުހާގެ ކޮޓަރިއަށް އޭނާ ވަންތަން ބަލަން ރީހާން ހުރީ ގޮތްހުސްވެފައިވާ މީހަކު ހެންނެވެ. ޔަލާއަށް އެހީވާން އޭނާ ބޭނުމެއްވެ. އެކަމަކު އެހީވާނީ ކިހިނެއްކަމެއް ރީހާންއަކަށް ނޭނގެއެވެ.

* * * *

“އޭގެ ފަހުން ޒަލަފް އައިތަ؟” އަރީޝާއާއި ޞާބިރާ ބަދިގެތެރޭގައި އެކަނިވުމުން ޞާބިރާ އަހާލިއެވެ.

“ނާދޭ… ޚަބަރެއް ވެސް ނުވޭ… އެކަމަކު އަބުދުއްރަޢޫފު ބުނި ޒަލަފް އަހަރުމެންނާ ބައްދަލުކުރާން އަންނާނަމޭ ބުންޏޭ” އަރީޝާ އޮޅުން ފިލުވައިދިނެވެ.

“އަރީޝާ… ޒާލިފު ވެސް އެ ހުންނަނީ ޒަލަފް ހުންނަހެން… ތަންކޮޅެއް އަމިއްލަ ވާހަކައެއް އަހާލަންތަ… ޒާލިފު އުޅެނީ ކުއްޖަކާ ގުޅިގެންތަ؟ އަނެއްކާ އޭނާ އިންސާނަކާ ގުޅުމަކުން މައްސަލައެއް ދިމައެއްނުވާނެތަ؟”

“ޒާލިފަކީ ޞާބިރާއާއި އަހަރެން ފަދަ އިންސާނެއް… އިންސާނަކު އިންސާނަކާ ގުޅިގެން ކޮން މައްސަލައެއް ދިވާނީ…” އަރީޝާ ކުޑަކޮށް ހިނިތުންވެލިއެވެ.

“ޒާލިފު ކުއްޖަކާ ގުޅިގެން ނޫޅޭނަމަ އަހަރެންގެ ހިތަށް އަރާ އެއްޗެއް ބުނަންތަ؟ އެކަމަކު އަރީޝާ ރުހޭނަމަ…” ޞާބިރާ ހީވަނީ ޖެހިލުންވައި އިނދެ ވާހަކަދައްކާ ހެނެވެ. އެކަން އަރީޝާއަށް ވެސް ނަގައިގަނެވުނެވެ.

“ޞާބިރާ ކޮންމެ ވާހަކައެއް ބުނި ނަމަވެސް އަހަރެން އަޑުއަހާނަން… ޒަމާންތަކަކަށްފަހު މީހުންގެ ތެރެއަށް ނުކުމެލުމުގެ ފުރުޞަތު އަހަންނަށް މި ލިބުނީ އަދިކިރިޔާ… މި އުފާވެރިކަމާއި ހިތްހަމަޖެހުން ބަޔާންކުރާނީ ކިހިނެއް… މިކަމުގައި ޞާބިރާއަށް ވެސް އަހަރެން ޝުކުރުވެރިވަން… ތި ނޫނީ އަހަރެންގެ އެއްވެސް އެކުވެރިއަކުނެތް…” މިފަހަރު ވެސް އަރީޝާ ފެނުނީ ހިތްހަމަޖެހުމުގެ ހިނިތުންވުމެއް ވެރިކޮށްލައިގެން އިންތަނެވެ.

“އަހަރެން ހިތަށް އަރަނީ ޒާލިފާއި ޒަލަފްގެ ސިފައިގައި އެއްވެސް ތަފާތެއް ނެތީމަ… ޒަލަފްގެ ބަދަލުގައި އަހަރެންގެ ޔަލާ… އަރީޝާގެ ޒާލިފު ބަލައިގެންފާނެއޭ… ފަހަރެއްގައި ޔަލާގެ އުފާވެރިކަން އެނބުރި އަތުވެދާނޭހެން އަހަންނަށް ވަރަށް ހީވޭ…”

“ޞާބިރާ… ތިކަމުގައި ކުދީން ބޭނުންވާގޮތެއް އަހަރެން ހަދާނީ… ޒާލިފުއާއި ޔަލާ ގުޅެން ހުރެއްޖެނަމަ އަހަރެން ދެކޮޅެއް ނަހަދާނަން… އެކަމަކު ޒަލަފް ވެސް ނެތިސް އެފަދަ ނިންމުމެއް ނިންމަންވީމާ އަހަންނަށް ކުށްވެރި އިހުސާސެއް ކުރެވެނީ” އަރީޝާއަށް ޒަލަފްގެ ހިތް އެނގޭތީވެ މާޔޫސްކަން ވެރިވެގެންދިޔައެވެ.

“ހަޤީޤަތަކީ ޒަލަފްއާއި ޔަލާއަށް ގުޅެވެންނެތްކަން… ނޫންތަ… ޒަލަފްއަކީ ވިސްނޭ ކުއްޖެއް… އޭނާ ޤަބޫލުކުރާނެ ހާލަތު މިއަދު އެ ދެ ކުދީން އެކުގައިވުމަށް ތަން ނުދޭކަން…. އަދި ޔަލާއަށް ބޭނުންވާފަދަ އުފާވެރިކަމެއް ދެވޭނީ އޭނާ ފަދަ ބައިވެރިއަކަށްކަން… ޔަލާއަށް ބޭނުންވަނީ އިންސާނެއް…”

“އަބްދުއްރަޢޫފާ އަހަރެން ތިކަމާ މަޝްވަރާ ކުރާނަން… އަހަންނަށް ފެންނަނީ ޔަލާއާ ޞާބިރާ ވާހަކަދައްކަން… އެކުއްޖާ އެ ހުރީ ވަރަށް ނާޒުކު ފައްތަރެއްގެ މަތީ… މިވަގުތު އެއްވެސް ކަމަކަށް ބާރުއަޅާކަށް ނުވާނެ… އޭނާ ރުހުމުގައި މިކަން ކުރާން ބޭނުންވަންޏާ މިވަރުގެ ކަމެއް ކުރިއަށް ގެންދާންވާނީ…” އަރީޝާއަށް ޒާލިފުގެ ޚިޔާލަށްވުރެ ވެސް ޔަލާގެ ޚިޔާލު ހުރި ގޮތް އެނގުން މުހިންމެވެ.

“ޞާބިރާގެ ފިރިމީހާއަށް ވީގޮތެއް ބަލަން މީހެއްގެ ގާތަށް ނުދިޔައީ ކީއްވެ؟” އިރުކޮޅު އިނދެފައި އަރީޝާ އަހާލިއެވެ.

“މިހާރު ދެން ތި ވާހަކަ ދައްކާކަށް ބޭނުމެއްނޫން… އެކަމަކު ކަންވީގޮތް އެނގުނީމާ، އެނގިއްޖެ ދެން އަހަރެންގެ މުހުސިނު ދުވަހަކުވެސް އެނބުރި ނާންނާނޭކަން… މި ހުރިހާ ދުވަހު އަހަރެން ހާދަ ދުޢާއެއްކުރީމޭ…. މުހުސިނު އެނބުރި އާދޭ ތޯ… އޭނާއަށް ވީގޮތެއް އެންމެ ކުޑަމިނުން އެނގޭތޯ… އަހަރެންގެ ދުޢާ އިޖާބަކުރައްވައިފި… އަހަރެންގެ ކުދީންގެ ގާތުގައި އެ މީހުންގެ ބައްޕައަށްވީ ގޮތް ކުރިން ބުނެދޭން ނޭނގުނަސް މިހާރު އެ ކުދީންނަށް ވެސް ހަޤީޤަތް އެވަނީ އެނގިފައި… ދުނިޔޭގައި ބާކީ އޮތް ދުވަސްތައް ހިތްހަމަޖައްސާލައިގެން ދެން އުޅެވިދާނެ…” މުހުސިނުގެ ޚިޔާލަކަށް ގެއްލިފައި އިންހެން ޞާބިރާ ވާހަކަދެއްކިއެވެ.

އިރުއޮއްސެންވީއިރު ގޭތެރޭގައި ހޭލަމޭލަވެ އުޅުނު އެންމެންހެން އެނބުރި އެ ބައެއްގެ ގެއަށް ހިނގައްޖެއެވެ. ޞާބިރާއާއި އޭނާގެ ތިން އަންހެންދަރިފުޅާއި ދަނބިދަރިފުޅު ފިޔަވައި އެ ގޭގައި މިވަގުތު އިތުރު މީހަކު ނެތެވެ. ދިމާވި ކަންތައްގަނޑުން ސަލާމަތްވީއިރު އަޅުކަމާ ކުރިއަށްވުރެ އަހުލުވެރިވެފައި ވެއެވެ. ގޭގައި ޞާބިރާއާއެކު ހުރިހާ އަންހެންދަރީން ނަމާދަށް އެރިއެވެ. އަދިވެސް ޔަލާ އެކަނި ކޮޓަރީގައި ބާއްވާކަށް ޞާބިރާއަކަށް ނުކެރެއެވެ. އޭނާ އެންމެ ކަންބޮޑުވަނީ ގަބުވެފައި ހުންނަ މީހަކުހެން ޔަލާ ހުންނާތީއެވެ. އޭނާ ވިސްނާ ފިކުރު ހިންގަނީ ކޮންކަމަކާކަމެއް ނޭނގޭތީއެވެ.

“ޔާލް… ދެން ނިދޭތޯ ބަލާލާ…” އެނދުގައި އޮތް ލުހާ އޯގާތެރިކަމާއެކު ބުނެލިއެވެ.

“ޒާލް އަންނާނެ… ހީ ވިލް ކަމް…” މަޑުމަޑުން ޔަލާ ބުނެލިއެވެ. އެ އަޑު ލުހާއަށް ވެސް އިވުނެވެ. އެހެންނަމަވެސް އޭނާއަށް ޔަލާގެ ހިތްހަމަޖައްސައި ދިނުމަށް ބުނާނޭ އެއްޗެއް ނޭނގުނެވެ. ހިމޭންކަން ޚިޔާރުކުރުން ނޫންގޮތެއް ނެތެވެ. ލުހާއަށް ފުރަގަސްދީ އެއްފަރާތަށް ޔަލާ އެނބުރިލިއެވެ. އެ ދެލޮލުގެ ވަރުބަލިކަން އިންތިހާއަށް ދަންދެން އޭނާ އިންތިޒާރުކުރަމުން ދިޔައީ ޔަޤީނުން ވެސް އޭރުން އޭނާއަށް ނިދޭނޭކަން އެނގޭތީއެވެ.

* * * *

ރޭގަނޑުގެ ހިމޭންކަމުގެ ތެރެއިން ގޭތެރެއަށް ވަދެވެން ހުރި ދޮރުގައި މީހަކު ޓަކިޖެހި އަޑު އަބްދުއްރަޢޫފަށް ސާފުކޮށް އިވުނެވެ. ހަމައެވަގުތު ހައިރާންކަން ވެސް އޭނާއަށް ލިބިގެންދިޔައެވެ. އޭރު އަރީޝާއާ ދެ މީހުން ނިދަން އޮށޯންނަން ދާން ވެގެން ސޯފާގޮނޑިން ތެދުވީއެވެ. ރޭގަނޑު ކައިގެން ކޮޓަރިއަށް ވަންގޮތަށް ޒާލިފު ވެސް ނުނިކުމެވެ. އޭނާގެ ޠަބީއަތަށް ވެސް ބަދަލުތަކެއް އައިސްފައި ވާ ކަހަލައެވެ.

“މި ގަޑީގައި ހުއްދަ ހޯދަނީ ކާކު؟” އަބްދުއްރަޢޫފު އައިސް ދޮރުމަތީ ހުއްޓިލަމުން އަހާލިއެވެ.

“އަހަރެން… ޒަލަފް…” ސަލާމްގޮވާލުމާއެކު ކުއްލިއަކަށް ދޮރުމަތިން ފައުޅުވެގެން ދިޔަ ޒަލަފް ބުނެލިއެވެ. އޭނާ ފެނުމުން އުފާވިނަމަވެސް އަބްދުއްރަޢޫފަށް ފިނިނޭވާއެއް ބޭރުކޮށްލެވުނެވެ.

“ދަރިފުޅުތަ؟ ވަދޭ އެތެރެއަށް…” ކެތްތެރިކަން ކުޑަވެފައި ހުރި އަރީޝާ އަވަސް ހިނގުމުގައި އައިސް ދޮރުމަތީ މަޑުކޮށްލަމުން ބުންޏެވެ.

ގޮނޑީގައި އިށީނުމާއެކު މުޅި މާޙައުލަށް ހިމޭންކަމެއް ވެރިވެގެންދިޔައެވެ. ބުނަންވީ ކީކޭކަމެއް ނޭނގިފައި ތިން މީހުން ތިބި ކަހަލައެވެ. އަރީޝާ ފަރުވާތެރިކަމާއެކު އޭނާގެ ދަރިފުޅަށް ބަލާލިއެވެ. އަދި ވެރިވެފައި އޮތް ހިމޭންކަމާއި ބީރައްޓެހިކަން ކަނޑުވާލަން އޭނާ މަސައްކަތްކުރިއެވެ.

“ދަރިފުޅު ކުޑަކޮށް ހިކިއްޖެހެން ހީވޭ… ރަނގަޅަށް ނުކަނީތަ؟” އަރީޝާ އަހާލިއެވެ. ޖަވާބަކަށް ޒަލަފް ބަދަލުކޮށްލީ ލުއި ހިނިތުންވުމެކެވެ. އަދި ދެ ފަރާތަށް ބޯހޫރާލިއެވެ.

“މަންމަ ކިހިނެއްތަ؟ ދެން އިރާދަކުރެއްވިއްޔާ މި ދިރިއުޅުން އުޅޭކަށް ނުޖެހޭނެ…” ޒަލަފްގެ ހިނިތުންވުން އަރީޝާގެ ހިތަށް ތަދުކުރުވިއެވެ. ދަރިފުޅުގެ ހިތް މަންމަ ފިޔަވާ އެނގޭނޭ މީހަކު ނުހުންނާނެއެވެ. އެހެންނަމަވެސް މިއަދު އަރީޝާއަށް ޒަލަފްގެ ހިތްހަމަޖައްސައިދިނުމަށް ކަމެއް ކޮށްދެވޭނޭ މައެއް ނޫނެވެ. ހިތުގައި ރިހެނީ އެހެންވެއެވެ. ދަރިފުޅު ހިތާމަކުރާއިރު އެކަން މަންމައަށް އެނގެޔޭ ބުނެލާނެ ހިތްވަރު ވެސް އަރީޝާގެ ނެތެވެ. އޭނާއަށް ވެސް ޒަލަފްއެކޭ އެއްފަދައިން ބަދަލުކޮށްލެވުނީ މަޢުނަވީ ހިނިތުންވުމެކެވެ. ދަރިފުޅުގެ މައްޗަށް އަބަދުވެސް އެހިތްހެޔޮކަން އަންގައިދޭ ރަމްޒެއްގެ ގޮތުންނެވެ.

“ޒަލަފް… ދަރިފުޅާ… ބައްޕައަށް ދަރިފުޅުގެ ހިތުގައި ޖެއްސިފައިވާނަމަ މާފުކުރޭ… ދަރިފުޅު މި ދުނިޔެއަށް ނޭވާލީއްސުރެން ތިއީ މި ބައްޕަގެ ދަރިއެއް… އެންމެ ހިނދުކޮޅަކަށް ވެސް އެނޫން ޚިޔާލެއް ނާދޭ… ދަރިން ރައްކާތެރިކުރުމަށް ޓަކައި މި ބައްޕައަށް ކުޅަދާނަވެގެންވި މިންވަރުން މަސައްކަތްކުރީން…”

“ބައްޕަނޫންކަމަކަށް އަހަރެން ނުބަނަމެއްނު… އަހަރެންގެ ހިތުގައި އެއްވެސް ޝަކުވާއެއްނެތް… މާފުބޭނުންވާނަމަ… އެންމެންނަށް މާފު ވެސް ދީފިން… އަހަރެން މިރޭ މިއައީ ކީއްވެކަން ބައްޕައަށް އެނގެއެއްނު… މީއެއްނު މިކަން ވާންވީ ގޮތަކީ…” ޒަލަފްގެ އަޑުގައި އާދަޔާ ޚިލާފު މަޑުމައިތިރިކަމެއް ވިއެވެ.

“ދިއުމުގެ ކުރީން ދަރިފުޅުގެ ހިތްހަލާލު ކަމަކަށް ބޭނުންވޭ…” އަބްދުއްރަޢޫފު ހިތްވަރުކޮށްލާފައި ބުންޏެވެ.

“އަހަރެންގެ ހިތްހަލާލު އަބަދުވެސް މަންމައާއި ބައްޕައާއެކުވޭ…” އަބަދުއްރަޢޫފުގެ މުރާދަކީ ކޮބައިކަން ނޭނގުނަސް ޒަލަފް އޭނާގެ ހިތުގައިވާ އެއްޗެއް ހާމަކުރިއެވެ.

“ޔަލާގެ މަންމަގެ އެދުމެއް ހާމަކުރާން އެބަޖެހޭ… އަހަރުމެން މިތިބީ ޒަލަފްގެ އިންތިޒާރުގައި… ޒަލަފްގެ ގާތުގައި މިވާހަކަދައްކާފައި ނޫނީ ގޮތެއް ނިންމާން ބޭނުމެއްނުވޭ…”

“ކޮންވާހަކައެއްތަ ބައްޕާ؟” ޒަލަފް ސުވާލުކުރީ އަބްދުއްރަޢޫފުގެ ވާހަކައިގެ މިސްރާބު ދާ ދިމާލެއް ނޭނގި އޭނާގެ ހިތަށް އުނދަގޫވުމުންނެވެ.

“ޒާލިފު… ޔަލާގެ މަންމަ އެދެނީ ޒާލިފާއި ޔަލާގެ ކައިވެނި…” އަބްދުއްރަޢޫފަށް އިތުރަށް ވާހަކަ ކުރިއަށް ގެންދާނޭ ހިތްވަރެއް ނުލިބުނެވެ. އެ ދެމަފިރިން ޒަލަފްގެ ކުރިމަތީ އިސްޖަހާލިއެވެ.

“ޔަލާގެ މަންމަ އެދެނީ އެކަމަށްތަ؟… އެހެންވިއްޔާ… އެހެންވިއްޔާ އަހަރެންގެ މައްސަލައެއްނެތް…” މޭގައި އޮތް ހިތްތެޅިފޮޅިގަނެފައި މޭފަޅާ ނުކުންނަން އުޅުނު ކަހަލަ އިހުސާސެއް ޒަލަފްއަށް ކުރެވުނެވެ. ނަމަވެސް އެ މޫނުމަތިން އެއްވެސް އަސަރެއް ފާޅެއްނުވިއެވެ.

“ޒަލަފް…” ޒާލިފުގެ އަޑު އިވިގެންދިޔައެވެ.

“ޒާލިފު…” ޒަލަފް ހިނިތުންވެލިއެއްކަމަކު ޒާލިފުގެ މޫނުމަތިން ހިނިތުންވުމެއް ފައުޅެއް ނުވިއެވެ.

“އަހަރެން ޒަލަފްއާ އެކަނި ވާހަކަދައްކާލަން ބޭނުން…” ޒާލިފު ބުނެލިއެވެ. އެއާއެކު ޒަލަފް ބޯޖަހާލިއެވެ. ޒާލިފު އިޝާރާތްކޮށްލީ ސިޑިއާ ދިމާއަށެވެ. އަދި އޭނާ ސިޑިން އަރައިގެން އައިސް ޒަލަފްގެ ކޮޓަރި ހުޅުވާލައި އެ ކޮޓަރިއަށް ވަނެވެ.

“ޒަލަފް… ޕްލީޒް… ހުރިހާކަމަކަށް އެއްބަސްވާކަށް ޒަލަފްއަކަށް ނުޖެހޭނެ… މީ ޒާލިފު… ޒަލަފްއާއެކު އެއްރަހިމެއްގެ ތެރޭގައި އޮތް ކޮއްކޮ… އެއްފަހަރު ވެސް ބުނެބަލަ ޔަލާއާ އިނދެގެންނުވާނެއޭ… ބޭބެގެ ހައްޤަކަށް ކޮއްކޮ އަރައިގަންނާނީ ކިހިނެއް؟…” ޒާލިފަށް ރޮވިއްޖެއެވެ. ހިނިތުންވެލައިގެން ހުރި ޒަލަފްގެ ދެ ލޯ ވެސް ފެންކަޅިވެއްޖެއެވެ. އޭނާގެ މުޅި ހަޔާތުގައި ވެސް ޒާލިފު އެހީތެރިވި މިންވަރަށް މީހަކަށް އެހީތެރިއެއް ނުވެވޭނެއެވެ. އޭނާގެ މުޅި ދިރިއުޅުން ޒަލަފްއާ ހެދި ހުއްޓުމަކަށް އައިސްފައިވެއެވެ. އެކަމާ އޭނާ ޝަކުވާއެއް ނުކުރެއެވެ. ނުކުރާނެކަން ވެސް ޚުދު ޒަލަފްއަށް އެނގެއެވެ. މަޑުމަޑުން ޒަލަފް އައިސް ޒާލިފުގެ ގައިގާ ބައްދާލިއެވެ.

“ދެން ދުވަހަކުވެސް ނުފެންނާނެ… ކީއްވެ؟…” ރޮމުން ޒާލިފު ވާހަކަދެއްކިއެވެ. އޭނާގެ ބޮލުގައި ޒަލަފް ފިރުމާލިއެވެ.

“އަހަރެން އަބަދުވެސް ހީކުރީ އެންމެ ވިސްނޭ މީހަކީ ޒާލިފުކަމަށް… އެކަމަކު މިއަދު ތި އުޅެނީ ޅަކުއްޖަކު އުޅޭހެން… ބޮޑާ ތި ހާކަނީ ފޮރުވެން ނެތް ހަޤީޤަތަކާމެދު… ޒާލިފް…. އަޑުއަހާ… އަހަރެންނާ ވަކިވާންވީ ވަގުތު ޖެހިއްޖެ… އަހަންނަށް އިންސާނުންގެ ތެރެއަކު ނޫޅެވޭނެ… ހުއްދަކުރާ ކަންކަމާ ހުއްދަނުކުރާ ކަންކަން ހުންނާނެ… އިތުރަށް ފާފަކުރުމަށް އަހަންނަށް އެއްބާރުލުން ނުދީ… އުފާވެރިކަމާއި ހިތްހެޔޮކަންމަތީ ވަދާޢުގެ ސަލާމް ކުރޭ… ތިޔަ ދެ ލޮލުން ޔަލާގެ މައްޗަށް އޯގާތެރިކަމާއި ރައްކާތެރިކަން އަހަރެން ދުށިން… ޖިންނިއަކަށްވެ ހުރެ އިންސާނަކަށް ދެވޭނެ އުފަލެއްނެތް… އަހަރެން ރުހި ޤަބޫލު… އެކަމަކު ޔަލާއާ ވަދާޢުގެ ސަލާމް ކުރުމުގެ ހުއްދަ އަހަންނަށް ދީ… އެވަރު އެ އަންހެންކުއްޖާއަށް ހައްޤުކަންނޭނގެ…” ޒާލިފު ދުރަށް ޖެހިލުމާއެކު ޒަލަފްގެ ދެކޮނޑުގައި ހިފާ ބާރުކޮށްލިއެވެ. އަދި ހިތްވަރުކޮށްފައި ކަރުނައިގެ ތެރެއިން އޭނާ ބޯޖަހާލިއެވެ. އެހިނދު ޒާލިފާއި ޒަލަފްގެ ދެމެދުގައި އެންމެފަހުގެ ހިނިތުންވުން ބަދަލުކޮށްލެވުނެވެ. އަދި ކޮނޑާކޮނޑުޖައްސައި ސަލާމްކުރިއެވެ.

“އަހަރެން ނެތަސް މަންމައާއި ބައްޕަގެ އެކަނިވެރިކަން ފިލުވައިދޭތި… އެމީހުންނަށް ހިތްވަރުދޭތި… ދުނިޔޭގައި ހަމަޖެހޭ ދިރިއުޅުމެއް އުޅޭނޭ ފުރުޞަތު ހޯދައިދެވުނީތީ މިއަދު އަހަރެން އުފާކުރާން… ޒާލިފު… އެމީހުންނާ ވަކިނުވާތި…”

“އާން! މަންމައާއި ބައްޕަ ބަލާނަން… ޒަލަފް ވެސް ދުރުގައި ހުއްޓެއްކަމަކު އަހަރުމެންގެ ހާލު ބަލާނެކަމަށް އަހަރެން ހީކުރަން…”

“ޒާލިފު، މި ކޮޓަރީގައި ހުރި ހުރިހާ ކަރެހުންތަކެއް އަންދާލާ… އޭގެ ބޭނުމެއް މިހާރަކުނެތް…” ޒަލަފް މިހެން ބުނުމުން ޒާލިފު ބޯޖަހާލިއެވެ.

ޒާލިފާއެކު ޒަލަފް ކޮޓަރިން ނުކުމެގެން ތިރިއަށް އައިއިރު ގަބުވެފައި ދެ މީހުންހެން އަރީޝާއާއި އަބްދުއްރަޢޫފު ސޯފާގައި ތިއްބެވެ. ޒަލަފް އައިސް އެމީހުންގެ ގާތުގައި މަޑުކޮށްލިއެވެ.

“ބައްޕާ…” ޒަލަފް ގޮވާލިއެވެ.

“ދަރިފުޅާ ވަކިވާންޖެހޭނެކަން މިވީ ދުވަސްކޮޅުގެ ތެރޭގައި އަބަދުމެ ސިކުނޑީގައި ހަރުލާފައި ވަނީ… އެކަމަކު ވަގުތު ޖެހުމުން މިއީ ކުރާން ކިހާ އުނދަގޫކަމެއްކަން އިހުސާސްކުރެވޭ…” ވަކިވާންވީ ވަގުތު ޖެހިއްޖެކަން އެނގުމާއެކު އަބްދުއްރަޢޫފުގެ ހިތަށް ވެސް ފުންއަސަރުތަކެއް ވެރިވެގެން ދިޔައެވެ. ދެ ލޯ ފެންކަޅިވެ އިސްޖަހާލެވުނެވެ.

“ޒަލަފް… މަގޭ ދަރިފުޅު… ތީ މި މަންމަގެ ދަރިއެއް… ޒަލަފްއަކީ އަހަރެން ވިހޭ ދަރިއެއް…” އަރީޝާގެ ހިތަށް ކެތްނުވެގެން އައިސް ޒަލަފްގެ ގައިގާ ހިފައިގަތެވެ. އޭނާގެ މޭގައި މޫނުޖައްސާލައިގެން ހުރެ އެ ދަރިފުޅުގެ ގައިގާ ރޮމުން ފިރުމިއެވެ. މުޅި އުމުރަށް ދަރިފުޅާ ވަކިވަނީކަން އެނގުނު ހިނދު އަރީޝާއަށް އޭނާގެ އަމިއްލަ ނަފްސު ނުހިފެއްޓުނީއެވެ. ޒަލަފްގެ ދެއަތާއި މޫނުގައި ފިރުމަފިރުމާފައި އެ ދަރިފުޅުގެ ގައިގާ ބޮސްދޭއިރު ހީވަނީ ދުނިޔޭން މޮޔަވާން ކައިރިވެފައި ހުރި ހެނެވެ. މަންމަގެ ގައިގާ ހިފަހައްޓާލުމާއެކު ޒަލަފް އައިސް ސޯފާގައި އަރީޝާ ބައިންދާ އޭނާއާއެކު އިށީނެވެ.

“މަންމާ… ކެތްތެރިވޭ… އަހަންނަކީ އިންސާނެއްނޫން… މީ އަހަރެންނަށް ހުރި ގޮތް… މަންމައަށް ވެސް އެނގެއެއްނު އިންސާނުންނާއެކު އަހަންނަކަށް ނޫޅެވޭނެކަން… ހިތްވަރުކޮށްފައި އަހަރެންނާ ސާލަމްކުރޭ…” މޭގައި އަރީޝާ ލައްކޮށްލައިގެން އިނދެ އޯގާތެރިކަމާއެކު ބޮލުގައި ފިރުމަމުން ޒަލަފް ވާހަކަދެއްކިއެވެ. އެހިނދު ޒާލިފު އައިސް އަރީޝާގެ އަނެއްފަރާތުން އިށީނެވެ. އަރީޝާގެ އަތުގައި ހިފާލުމާއެކު ޒާލިފު ވެސް ހިތްވަރު ދިނެވެ. އެތައް އިރަކަށް ފަހު ޒަލަފްއާ ވަދާޢުގެ ސަލާމްކުރުމަށް އަރީޝާ އެއްބަސްވިއެވެ. ރޮމުން ރޮމުން ނަފްސު ހަމަޔަކަށް އަޅުވަމުން އޭނާ ޒަލަފްއާއެކު ތެދުވިއެވެ.

“އަހަރެން ދިއުމުގެ ކުރީން މަންމަމެންގެ ގާތުގައި ވަރަށް ބޮޑުކަމަކަށް އެދެން ބޭނުން…” ދޮރުމަތީގައި ހުރެފައި ޒަލަފް ބުނެލިއެވެ.

“އަވަހަށްބުނޭ…” އަރީޝާ އަޑުއަހަން ކެތްމަދުވެފައި ހުރި ކަހަލައެވެ.

“މަންމައާއި ބައްޕަ އެނބުރި ރަށުތެރޭގައި ދިރިއުޅެންދާން އަހަރެން ބޭނުންވަނީ… މިހާރު މި ޢާއިލާއަކަށް އެއްވެސް ގެއްލުމެއްނެތް… ރަށުގައި އެހެންމީހުން އުޅޭ ފަދައިން ހަމަޖެހޭ ދިރިއުޅުމެއް މަންމައާއި ބައްޕަ އަމިއްލަ ގޭގައި އުޅޭންދާންވީނު… ޒާލިފަށް ވެސް ރަނގަޅު ދިރިއުޅުމެއް ފެންނާނީ އޭރުން…” ޒަލަފްގެ އެދުމަށް އަބްދުއްރަޢޫފާއި އަރީޝާ ޤަބޫލުވިއެވެ. އެއާއެކު ޒަލަފް އެނބުރި ދިއުމަށްޓަކައި އުޅުނެވެ. އެހިނދު އަރީޝާ ގޮވާލިއެވެ.

“މަންމަ…. މަންމަގެ މަރުގެ ޚަބަރު ލިބިއްޖެނަމަ މޫނުދެކެން ދަރިފުޅު އަނައްޗޭ…” އަރީޝާއަށް ބަލަން އިރުކޮޅަކު ޒަލަފްއަށް ހުރެވުނެވެ. އަދި މަޑުމަޑުން ބޯޖަހާލީ އެއްބަސްވަމުންނެވެ. އެވަގުތު ދޮރުމަތީ މަޑުކޮށްލައިގެން ތިބި ކޮންމެ މީހަކަށް ޒަލަފް ވަކިވަކީން ބަލާލިއެވެ. ޚާއްޞަކޮށް ޒާލިފަށެވެ. އެންމެން ބަލަހައްޓައިގެން ތިއްބާ ޒަލަފް ޣައިބުވެއްޖެއެވެ.

“ރަޢޫފު… ކިހިނެއްމިވީ… ކީއްވެ…” ޒަލަފް ނުފެނުމުން އަރީޝާއަށް އަނެއްކާ ވެސް ރޮވިއްޖެއެވެ.

“ކެތްތެރިވޭ އަރީޝާ… ދުނިޔޭގެ އުސޫލާ ޚިލާފުވާން އަހަރުމެން މީ ކޮންބައެއް… ނިޔާ ކަނޑައަޅުއްވާ ގޮތްނިންމަވާ ރަސްކަލާނގެ މަތީން ހަނދުމަކުރޭ… ޒަލަފް އަހަރުމެންގެ ގާތުގައި ނެތްނަމަވެސް އެއީ އަހަރުމެންގެ ދަރިއެއް…. އެ ދަރިފުޅުގެ މައްޗަށް ކުރާ ދުޢާއިން އެ ދަރިފުޅަށް ފައިދާކުރާނެ…” އަނދިރިކަމާއި ހުސްކަމުގެ ތެރެއަށް ނަޒަރު ހުއްޓާލައިގެން ރޮވިފައިހުރެ އަބްދުއްރަޢޫފު ބުންޏެވެ.

* * * *

“ޔަލާ…” ދުރުން މީހަކު ގޮވާ އަޑު ނިދިފައި އޮތް ޔަލާއަށް އިވުނެވެ. އެ އަޑާ މެދު ވިސްނާ ފިކުރު ހިންގިވަރަކަށް ނިދީގެ ތެރެއިން އޭނާގެ ޚިޔާލުތައް ތިލަވެގަތެވެ. ދެ ލޮލުގެ ނިދި ނަގާލިއެވެ. ފުންމައިގެން ތެދުވެ އެނދުގައި އިށީނދެވުނެވެ.

“ޒާލް… ޒާލް…” ވަށައިގެން ހޯދަމުން މަޑުމަޑުން ޔަލާއަށް ގޮވާލެވުނެވެ.

“އަހަރެން މިއައީ ޔަލާއާ ބައްދަލުކުރާން… މި ހުރީ ޔަލާގެ ކޮޓަރީގައި…” ޒަލަފް ނުފެނުނެއްކަމަކު އޭނާގެ އަޑު ސާފުކޮށް ޔަލާއަށް އިވުނެވެ. ތެޅިތެޅި އޮތް ހިތާއެކު އެނދުން ފައިބައިގެން ކޮޓަރިން ނުކުމެ ދޮރު ލައްޕާލުމާއެކު ދުއްވައިގަތެވެ.

“ޒާލް…. ތީ ޒާލްތަ… ތީ އަހަރެންގެ ޒާލްތަ… އަހަންނަށް ރަނގަޅަށްތަ މި ފެންނަނީ…” ކޮޓަރީގެ ދޮރު ތަންމިނަށް ހުޅުވާލަމުން އެތެރެއަށް ދެމިގަތް ޔަލާއަށް ކޮޓަރީގެ ކަނެއްގައި ހުއްޓިލައިގެން ހުރި ޒަލަފް ފެނުމުން ޤަބޫލެއްނުކުރެވުނެވެ. ޒަލަފްއަށް ވެސް ހުއްޓުން އަރާފައި ހުރެވުނީއެވެ. ޔަލާ ފެނުމުން އޭނާގެ ހަށިގަނޑުގެ ހުރިހާ ހިއްސެއް މަސައްކަތްކުރުން ހުއްޓާލި ކަހަލައެވެ. ޔަލާއަށް ބަލަހައްޓައިގެން ނުހުރެވުނެވެ. ދުވެފައި އައިގޮތަށް ޒަލަފްގެ ގައިގާ އޮޅުގަނެއްޖެއެވެ. އެހިނދު ކަރަންޓުގެ ޝޮކެއް ޖެހިގެން މީހާ ތެޅިގަންނަ އުސޫލުން ޒަލަފް ތެޅިގަތެވެ. ގަޔާ ދުރަށް ޔަލާ ކޮއްޕާލިއެވެ. ފަހަތަށް ގޮސް ވެއްޓުނު ޔަލާއަށް ހައިރާންވެ އަންތަރީސްވެފައި ޒަލަފްއަށް ބަލަހައްޓައިގެން އިނދެވުނެވެ. ކުރެވުނު ކަންތައް ޒަލަފްއަށް އިހުސާސްވީ ދެނެވެ. އޭނާ މުއްކަވާލި ދެއަތަށް ބަލާލިއެވެ.

“އަހަންނަށް މާފުކުރޭ ޔަލާ…”

“ޒާލްއަށް ކިހިނެއްވެފައި ތި ހުރީ… ކީއްވެ ތި އަތުގެތެރެއަށް އަހަރެން ލާން ބޭނުންނުވަނީ… މުޑުދާރު އެއްޗެއް ފޮޅާލާހެން އަހަރެން ތި ފޮޅާލީ ކީއްވެ؟ އަހަރެންދެކެ ޒާލް ލޯބިނުވަނީތަ؟ ނޫނީ އަހަރެންވާ ލޯބި އިމްތިހާނުކުރާން ބޭނުންވަނީތަ؟ ކިހާ ދުވަހަކު އަހަންނާ ދުރުގައި ހުރެފީމު… ކުޑަކޮށް ވެސް އަހަރެންގެ މަތީން ހަނދާނެއްނުވިތަ؟”

“ޔަލާ… އަހަންނަކީ ތި ހީކުރާ ކަހަލަ މީހެއްނޫން… އަހަރުމެން ދެމީހުންނަށް އެކުވައިވުމެއް ނުވޭ…”

“ޤަބޫލެއްނުކުރާނަން… ޒާލް އަހަރެންދެކެ ލޯބިވާނެ… އެހެންނޫނީ ތީ ޒާލްއެއްނޫން… މީ އަހަންނަށް ފެންނަ ހުވަފެނެއް…. ނުބައި ހުވަފެނެއް… އަހަރެން ބޭނުންވަނީ ހޭލަން… ކޮންމެވެސް މީހަކު އަހަރެން މި ނުބައި ހުވަފެނުން ހޭލައްވާލަބަލަ….” ޔަލާގެ ހާލު ފެނިފައި ޒަލަފްއަށް ކުރިއަށް ފިޔަވަޅެއް އަޅާލެވުނެވެ.

“ޔަލާ…. ތި މޮޔަކަން ކަނޑާލާފައި ނިކަން އަހަރެން ދައްކާ ވާހަކައެއް އަޑުއަހާބަލަ… މީ އަހަރުމެން ދެ މީހުން ބައްދަލުވާނޭ އެންމެ ފަހު ވަގުތުކޮޅު…” ޔަލާގެ ގައިގާ އަތްނުލާން ހުއްޓެއްކަމަކު ޒަލަފްއަށް އެކަމެއްނުވިއެވެ. އޭނާ ޔަލާގެ ކޮނޑުގައި ހިފައި ތަޅުވައިގަތުމާއެކު ޔަލާގެ ސަމާލުކަން ހޯދިއެވެ.

“ޔަލާގެ މި ޒާލްއަކީ އިންސާނެއްނޫން… އަހަންނަށް އިންސާނެއްދެކެ ލޯބިވުމުގެ ހައްޤެއްނެތް… ޔަލާއަށް ލިބުނު ހުރިހާ އަނިޔާއެއްގެ އަސްލަކީ އަހަރެން… އެ ހުރިހާ ކަމެއް އެވީ އަހަންނާ ހެދި… ޔަލާ! މީ ހުވަފެނެއްކަމުގައި ހީކޮށްލާ… އަހަރެންނަށް ހިތްދަތިކަން ލިބެން ބޭނުންނޫންނަމަ ދިރިއުޅުމައިގެން ކުރިއަށްދޭ… ހުއްޓިފައި ނުހުރޭ… ޔަލާ އުފާވެރި ދިރިއުޅުމެއް އުޅޭނަމަ އެކަމުން އަހަރެން ވެސް އުފާވާނެ… މި ރެއިން ފެށިގެން އަހަރެން މަރުވެއްޖެކަމުގައި ހީކުރޭ…” ޒަލަފް ހިތްވަރުކޮށްކޮށް ހުއްޓާ އޭނާގެ ލޮލުގެ ތެރެއިން ނުކިޔަމަންތެރިކަން ދައްކަމުން ބޮނޑިވެގަތް ކަރުނުން ކޯތާފަތް ތެމިއްޖެއެވެ. މަޑުން ޔަލާގެ ކޮނޑުން ދެއަތް ނައްޓާލުމާއެކު ޒަލަފް ކޮޓަރިން ނުކުތެވެ. އޭނާގެ ފަހަތުން އަވަސްއަވަހަށް ޔަލާ އައެވެ. ލަކުޑި ރެއިލިންގައި އެއްއަތުން ހިފަހައްޓާލައިގެން ހުރެ އަނެއްއަތުން ޒަލަފްގެ ދެ ލޯ ފުހެމުންދިޔަ މަންޒަރު ޔަލާއަށް ފެނުނެވެ.

“އަހަރެން އެންމެ ލޯބިވާ މީހަކީ ތީ… މުޅި އުމުރު އެމީހަކާއެކު ހޭދަކުރުމުގެ ހުވަފެން ދުށް މީހަކީ ތީ… ވީއިރު އޭނާ ދިރިހުއްޓާ މަރާލަންވީތަ؟ ކީއްވެ؟ އިންސާނަކަށް ނުވީމަތަ؟” ޒަލަފްގެ ފުރަގަހުން ޔަލާގެ ގިސްލުމުގެ އަޑު ފައުޅުވެގެންދިޔައެވެ. ފަހަތަށް އެނބުރިލި އިރު ހިފެހެއްޓުމެނެތި ކަރުނު ފައިބަމުން ދިޔަ ދެ ލޮލުން ޔަލާ ބަލަހައްޓައިގެން ހުރީ ޝަކުވާގެ ނަޒަރަކުންނެވެ. އެ ތޫނު ބެލުން ޒަލަފްގެ ހިތް ޒަހަމްކޮށްލިއެވެ.

“ލޯބިވުމުގެ ކުރީން އެ ލޯބި ނުބަލާ އެއީ އިންސާނެއްތޯއެއް… އެ ފަރަޤު ވަކިކުރަން ލޯތްބަށް ކުރީން އެނގުނުނަމަ… އޭރުން ހަމަގައިމުވެސް މި ދުވަހެއް ނާންނާނެ… ލޯބިވެވުނީ އިންސާނެއްދެކެ ނޫންކަން އެނގި އަހަރެން އެންމެ ލޯބިވާ މީހާއާ ވަކިވާކަށް ނުޖެހޭނެ… މި ހިތަށް ތަދެއް ވެސް ނުވާނެ… މި ދެ ލޮލުން ނުވެސް ރޮވޭނެ…”

“ޔަލާ… އަހަރެންގެ އެންމެ ލޯބިވާ ޔަލާ… އަހަރެންނަކީ ބަލިކަށި މީހަކަށް ނަހަދާ… އަހަރެންގެ އަޒުމުގައި ސާބިތުކަމާއެކު ހުރުމަށް މިއަދު ޔަލާއަށް ބޭނުންވޭ… އަހަންނަށް މި ދުނިޔެމަތީން ޔަލާ ލިބުމެއްނުވޭ… ދެރަވެހިތާމަ ކުރިޔަސް ބަދަލުނުކުރެވޭނެ ހަޤީޤަތެއް އެއީ… މީ ﷲގެ މިންވަރުފުޅު… މި ވަގުތު އާލަމުގައި ޔަލާއާ ވަކިވާން ޖެހުނުކަމުގައި ވިޔަސް ދާއިމީ ގޮވެއްޗަށް އަހަރެން ދާނީ އިރާދަކުރެއްވިއްޔާ ޔަލާއާއެކު… އެ ދުވަހުން ޔަޤީނުން ވެސް ޔަލާއާއެކު ވުމަށް އެދެވޭ… ފާފަކުރުން މަތީ ދެމިހުރެގެން އަހަރެންގެ ހިތުގެ މުރާދު ހާޞިލުވާނީ ކިހިނެއް…”

“އަހަރެން ޒާލްދެކެ ހާދަ ލޯބިވެޔޭ…” ޔަލާއަށް ހަމަ ރޮވެނީއެވެ. އޭނާއަށް ޒަލަފްދައްކާ ވާހަކަތައް ވިސްނެއެވެ.

“ތިކަން އެނގޭ… އަހަރެން ވެސް ޔަލާދެކެ ލޯބިވަން… އެކަމަކު މިރެއިން ފެށިގެން އަހަރުމެން ދެ މީހުންގެ ދެމެދުގައި އޮތް ގުޅުން ކެނޑުނީ… މި ރޮދިފަށް ކެނޑުނު ހިސާބުން ދޫކޮށްލާ… އަލުން ހިފަހައްޓާ ގޮއްޖަހަން ނޫޅޭ… އަހަރުމެން ދެ މީހުންނަށް ވެސް ލިބުނު އިބުރަތެއްކަމުގައި ޤަބޫލުކުރޭ… ކުޑަދުވަސްކޮޅަކަށް ވިޔަސް އަހަރުމެން ދެމެދުގައި ލޯބި ޚިއްޞާކުރެވުނީތީ އެކަމާ ޝުކުރުވެރިވެ އެ ހަނދާންތައް އެހެންމީހުންނަށް ފޮރުވާލާ… ދުވަހަކުވެސް އެ ވާހަކަތައް ދެއްކުމެއްނެތި… ޝަކުވާކުރުމެއްނެތި… ﷲގެ އިރާދަފުޅުން ދެ މީހުން ބައްދަލުވާނޭ ދުވަހަކަށް…”

“ޒާލް… ނޫން ޒާލް…” ދެފަރާތަށް ޔަލާ ބޯހޫރަންފެށިއެވެ.

“އާން! ޔަލާ… އެއްވެސް މީހަކަށް ކެތްނުކުރެވޭވަރުގެ ހިތްދަތިކަމެއް ނުޖައްސަވާނެ… މީ އަހަރުމެން ދެ މީހުންގެ ވެސް އިމްތިހާނުގެ ވަގުތު… އަހަރެން… އަހަރެންގެ ދުނިޔެއަށް އެނބުރިދާނަން… ޔަލާ… ޔަލާގެ މީހުންގެ ކައިރީ ދިރިއުޅުމައިގެން ކުރިއަށްދާން މަސައްކަތްކުރޭ…”

ފަތިސްވާން ކައިރިވަމުން ދިޔަ ވަރަކަށް ޒަލަފްގެ ހިތް ވެސް ދިޔައީ ނޭނގޭ ބާރުމިނެއްގައި ތެޅެމުންނެވެ. އެންމެ ފަހު ފަހަރަށް ޔަލާ ގެނެސް އެ އަތުގެތެރައަށް ލާން އޭނާ ކިތަންމެ ފަހަރަކު ބޭނުންވިއެވެ. ތެމެމުންދާ ކޯތާފަތް ފުހުލެދީ އެ ދޮންމޫނުގައި ބޮސްދޭން ޒަލަފް ބޭނުމެވެ. އެހެންނަމަވެސް އޭނާގެ އުސޫލުތައް އެކަމަށް ހުރަސްއަޅަނީއެވެ.

“އަހަރެން ދާން ކައިރިވެއްޖެ… ހިތްހެޔޮކުރާތި… އަހަރެންގެ ހެޔޮ ދުޢާ އަބަދުވެސް ވާނީ ޔަލާއާއެކު…” ވަކިވެގެން ދިއުމުގެ ކުރީން ޒަލަފްގެ ދެ ލޮލުގެ ލޯގަނޑުން ސިކުނޑީގައި ޔަލާގެ ސޫރައާއި އޭނާގެ ކޮންމެ ހަރަކާތެއް ބިންވަޅުނެގިގެންދާ ފަދަ ނަޒަރަކުން ޔަލާއަށް ބަލާލިއެވެ. އެ އަންހެންކުއްޖާ ރޮއެރޮއެ ހަލާކުވަނީއެވެ. ރޫޅި އެތިކޮޅުތަކެއްހެން ފައިބަފާނެ ކަހަލައެވެ. އެހިތުގައި ހިފަހައްޓައިގެން ހުރިއިރު ޔަލާގެ ހިތުގައި ވޭން އަޅަނީކަން ޒަލަފްއަށް ޔަޤީންވެއެވެ.

“ޒާލް… ޕްލީޒް… ނުދޭ… ޕްލީޒް… ޕްލީޒް… ނުދޭބަލަ… ހެޔޮނުވާނެ ޕްލީޒް… މަޑުކޮށްބަލަ… އަހަރެން އަދި ވާހަކަދައްކަން ބޭނުމޭ… ޒާލް…” ޒަލަފް ދިޔަ ނުދިނުމަށް ޔަލާ މަސައްކަތް ކުރިއެވެ. ކުއްލިއަކަށް އައިސް ޒަލަފްގެ އަތުގައި ހިފިއެވެ.

“ޔަލާ…” ވޭނީ އާހެއްގެ އަޑުފަދައިން ޒަލަފްގެ ދެ ތުންފަތުން ޔަލާގެ ނަން ބޭރުވިއެވެ. ޔަލާގެ ކޯތާފަތުގައި ހިފާ އުފުލާލުމާއެކު އޭނާގެ ނިތްކުރީގައި ޒަލަފް ބޮސްދިނެވެ. އެހިނދު ޒަލަފްގެ ދެލޮލުން ފައިބައިގެން ދިޔަ ކަރުނަތައް ޔަލާގެ މަރާލެވިފައިވާ ލޮލުގެ މަތީބޮނޑިން ފެށިގެން ކޯތާފަތުގައި ރޮނގުދެމިފައިވާ އޭނަގެ ކަރުނައާ އެކުވެގެންދިޔައެވެ.

“ވަރަށް ލޯބިވޭ… ދެން ހިނިތުންވެލާ…” ސިއްރުސިއްރުން ކަންފަތްކައިރީ ޒަލަފް ބުނެލި ކަހަލައެވެ. ނަމަވެސް އޭނާއަށް ޒަލަފް އިހުސާސެއް ނުވިއެވެ. އަވަހަށް ލޯހުޅުވާލިއެވެ. ޔަލާގެ ވަށައިގެން ވަނީ ހުސްކަމެވެ. ޒަލަފްއެއް ފެންނާކަށް ނެތެވެ. ބާރަށް ޔަލާއަށް ރޮވިއްޖެއެވެ. މޫނުގައި ދެއަތްއަޅާ ދެ ފަރާތަށް ބޯހޫރާންފެށިއެވެ.

* * * *

ފަތިސް ނަމާދުން ފައިބައިގެން ޞާބިރާ ސައިހަދަން އުޅުނުއިރު އޭނާ އުޅުނީ ޔަލާ ފަހަތު ލައިގެންނެވެ. ބަސްމަދުވެފައި އިން ޔަލާގެ ލޮލުން އޭނާ ރޮއެފައި ހުރިކަން ޞާބިރާއަށް އެނގެއެވެ. ނަމަވެސް އެއީ ޔަލާގެ އާދައަކަށް ވެފައިވާތީ އެކަމާ ސުވާލުކުރާކަށް ގަސްދެއްނުކުރިއެވެ. ހަތަރުދަން ހުސްވެގެން ދިޔައިރު މީހަކު އަނގައިން ބުނިއްޔާ ނޫނީ އަޑެއް ވެސް ޔަލާ ލައްވާނުލައެވެ. އޭނާގެ ވަށައިގެން ވަގުތު ހުއްޓިފައިވާ ކަހަލައެވެ. މީހާ ހުއްޓުން އަރާފައި އިންނަނީއެވެ. މީހަކު ކާންބުނީމާ ކައެވެ. ނަމާދުކުރެއެވެ. އެހެންނަމަވެސް ދުނިޔޭގެ އިތުރުކަމަށް އެއްވެސް ޚިޔާލެއް ފިކުރެއްނެތް ކަހަލައެވެ.

ޒަލަފްއާ ވަކިވިތާ ހަފްތާއެއް ފަހުން އަރީޝާމެން ޞާބިރާއާ ބައްދަލުކުރާން ކިނާރީގެއަށް އައެވެ. ޒާލިފާއި ޔަލާގެ ކައިވެނި ކުރިއަށް ގެންދިއުމުގެ ވާހަކަދެއްކިއެވެ. ހިތްހަމަޖެހިފައި އިން ޞާބިރާ އެ ވާހަކަ ޔަލާއާ ހަމައަށް ގެންދާން ނިންމިއެވެ. އެހެންވެ ޚުދު އޭނާ އަމިއްލައަށް ޔަލާއަށް ވިސްނައިދޭން މަސައްކަތްކުރިއެވެ. ދިރިއުޅުމައިގެން ކުރިއަށް ދާން ޒަލަފް ބުނި ހަނދާން ޔަލާގެ ސިކުނޑީގައި ވިއެވެ.

“ނޫން… އެއީ ޒާލްއެއްނޫން… އެއީ ޒާލްއެއްނޫނޭ މަންމާ… އެއީ ޒާލްއެއްނޫނޭ… އޭނައާ އަހަރެން އިންނާނީ ކިހިނެއް… އެއީ ޒާލްއެއްނޫނޭ… އަހަރެންގެ ޒާލްއެއްނޫން… އެ ސިފައި ހުރި އެހެންމީހެއް…” ހިމޭންކަން ޚިޔާރުކޮށްގެން އިން ޔަލާގެ ފަރާތުން ޞާބިރާއަށް ފެނުނީ ހައިރާންކުރުވަނިވި މަންޒަރެކެވެ. އޭނާ މޮޔައަކުހެން ރޮމުން ވާހަކަދެއްކިއެވެ. ގޭތެރޭގައި ފަހަރަކު މީހަކު ކައިރީ އާދޭސްކުރިއެވެ. ޒާލިފަކީ ޒަލަފްނޫންކަމުގައި ބުނަމުންނެވެ. އެއާއެކު ދަރިފުޅުގެ ހިތުގެ ހާލު ޞާބިރާއަށް ވިސްނުނީ ދެނެވެ. ޒަލަފްގެ ސޫރަ އެ ހިތުގައި ބިންވަޅުނެގިފައިވާއިރު ޒާލިފަށް އެ ލޯއްބާއި ހިތް ދިނުމަކީ ޔަލާއަށް ވާނޭކަމެއްނޫންކަމެވެ. އެފަދަ ބޮޑު މަޖުބޫރެއް ކުރާކަށް ޞާބިރާގެ ޟަމީރު ތަނެއްނުދެއެވެ.

ޔަލާގެ ހާލު ޒާލިފަށް ފެނުމުން ޚުދު އޭނާއަށް ވެސް ޔަޤީންވި ކަމަކީ އޭނާއާ ޒަލަފްއާ އެއްސިފައެއްގައި ހުއްޓެއްކަމަކު ޔަލާ އޭނާ ބަލައިނުގަންނާނޭކަމެވެ. އެކަން އޭނާ ހިތުގެ އަޑިން ޤަބޫލުކުރިއެވެ. ޔަލާއާ އެއްވެސް ޝަކުވާއެއްނެތެވެ. ހިތުގައިވާ އިހުސާސްތައް އެންމެ ފުރަތަމަ ދުވަހެކޭ އެއްފަދައިން ޒާލިފުގެ ހިތުގެ އެންމެ ފުނުގައި ފޮރުވާލީއެވެ. އޭގެ ބަދަލުގައި ޒަލަފްގެ ހަޔާތުގައި އޭނާދެކެ އިންތިހާ ދަރަޖައަށް ލޯބިވާނޭ ކުއްޖަކު ހުރީތީ އެކަމާ އުފާކުރިއެވެ. ޚުދު އޭނާގެ ހިތާއި ނަފްސު ވެސް އެދެމުންދިޔައީ ޔަލާއާއި ޒަލަފް އެކުގައިވުމަށެވެ. އެ ދެމެދުގައި އޮތް ގުޅުން ކެނޑި ހަނދާންތަކުން ފުހެވިގެން ނުދިއުމަށެވެ. ޔަލާގެ ނިންމުމަށް ޒާލިފު ރުހި ޤަބޫލުވެގެން ހުރިއިރު އަރީޝާއާއި އަބްދުއްރަޢޫފަކަށް ވެސް އެކަމާ ދެކޮޅު ހަދާކަށް ނުކެރުނެވެ. އެމީހުން ބޭނުންވަނީ ޔަލާގެ ރުހުމުގައި ކުރެވޭ ކައިވެންޏަކަށް ޒާލިފާއި ޔަލާގެ ކައިވެނި ވުމަށެވެ. އެކަމަކު އެކަން އެގޮތަށް ނުވާނޭކަން އެ މީހުންނަށް ވެސް ޔަޤީންވެއްޖެއެވެ. ޒާލިފު ފެންނަ ކޮންމެ ފަހަރަކު އޭނާގެ އެ ސޫރަ ޔަލާއަށް ޒަލަފްގެ ހަނދާންތައް އާކޮށްދޭނެއެވެ. އެހިތުގައިވި ޒަހަމްތައް ފަސޭހަކުރުމުގެ ބަދަލުގައި އަލުން އެ ޒަހަމްތަކުން ލިބޭ ވޭން އިތުރުވެގެންދާނެއެވެ. މިއަދު އެކަކު ވެސް އެމީހެއްގެ އަމިއްލަ އެދުން ކުރިއަކަށް ނުނެރުނެވެ. ކޮންމެ މީހެއްގެ ލޯތައް ކަރުނުން ފުރިފައިވަނީ ޔަލާގެ ހާލު ފެނިފައެވެ. އެ ކުއްޖާ ދެވަނަ ފަހަރަށް ދުނިޔެއާ ކުރިމަތިލާއިރު އެ އެންމެންގެ ހިތްވަރު އޭނާއާއެކު ވާނޭކަން ސާބިތުކޮށްދޭން ބޭނުންވެފައެވެ.

* * * *

7 އަހަރު ފަސް.

ހިނިތުންވެލައިގެން ކޮޓަރީގެ ދޮރުކަނީގައި ލެނގިލައިގެން ރީހާން ހުރިއިރު އޭނާގެ ނަޒަރު ވަނީ ރީތިވާ މޭޒުކައިރީ އިން އޭނާގެ ރީތި އަނބިމީހާއަށް ހުއްޓިފައެވެ. ފަރިތަމަކަމާއެކު ބޮލުގައި އަޅަމުން ދިޔަ ޝޯލްއަށް ޕިންޖަހާލިއެވެ. ރަނގަޅަށް ޝޯލް ހަރުކޮށްލެވުމާއެކު އޭނާ ތެދުވެ އެނބުރިލި ވަގުތު ދޮރުމަތީ ހުރި ރީހާން ފެނުމުން ހިނިތުންވުމެއް ބަދަލުކޮށްލިއެވެ.

“ރީހާން… ކޮންއިރަކު އައީ… ކިހިނެއްވެފައި ތި ހުންނަނީ… ހެދުން ބަދަލު ވެސް ނުކުރާ ދުވަހަކީތަ…”

“ޔަލާ ރީތިކަމުން ހަމަ ބަލަން ހުރެވުނީ… އަން! މީ ޔަލާއަށް ގެނައި ކުޑަކުޑަ ހަދިޔާއެއް…” ރީހާން ފުރަގަހަށް ލައިގެން ހުރި އަތް ކުރިއަށް ގެނައިއިރު ރަތްކުލައިގެ ފިނިފެންމަލެއް އޮތެވެ.

“އަހަންނަށް މާ އެހާ ކަމުނުދާއިރު ވެސް ރީހާންގެ ތިއާދައެއް ނުހުއްޓުނު ދޯ…” ލުއި ހީނލުމަކާއެކު މަލުގައި ހިފަމުން ޔަލާ ބުނެލިއެވެ.

“ޔަލާ… އާ ޔޫ ހެޕީ ވިތް މީ…” ޔަލާއަށް ކުއްލިއަކަށް އެނބުރި ރީހާންއަށް ބަލާލެވުނީ އޭނާ ބުނެލި ޖުމްލައިންނެވެ.

ދިމާވި ހާދިސާތަކަށްފަހުއާއި ޒަލަފްއާ ވަކިވުމުގެ ހިތާމައިގައި ޔަލާއަށް އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދިނީ ރީހާންއެވެ. އެއްވެސް ޝަކުވާއެއްނެތި އަމިއްލަ އެދުމަކާ ނުލާ ރީހާން ފޯރުކޮށްދިން އޯގާތެރިކަމުން ދެވަނަ ފަހަރަށް ޔަލާ ދުނިޔެއަށް އުފަންކުރުވިއެވެ. އެހެންނަމަވެސް މުޅި މީހާގެ ޠާބީޢަތް ވަނީ ބަދަލުވެފައެވެ. ގިނަގިނައިން ހިނިތުންވެ ހޭއަޑެއް ނީވެއެވެ. ހިތުގައިވާ އިހުސާސްތައް ދުލުން ފާޅުކުރާތަނެއް ނުފެނެއެވެ. ހިމޭންކަމަށް ލޯބިކުރެއެވެ. ދީނީ ކަންކަމުގައި ކުޑަކޮށް ވެސް ފަރުވާކުޑައެއް ނުކުރެއެވެ. މި ހުރިހާ ސިފަތަކަކާއެކު ދެވަނަ ފަހަރަށް ވެސް ޔަލާދެކެ ރީހާނަށް ލޯބިވެވުނެވެ. އެހެންނަމަވެސް އޭނާ ކެތްތެރިވިއެވެ. ހަޔާތުގެ ބައިވެރިއަކު ހޯދަން ވެއްޖެކަމުގައި ޔަލާ ނިންމީ އަމިއްލައަށެވެ. އެވާހަކަ ފުރަތަމަ ދެއްކީ ވެސް ރީހާންގެ ގާތުގައެވެ. ފުރަތަމަ ފަހަރަށް އަމިއްލަ އެދުން ކުރިއަށް ނެރެ ޔަލާގެ ގާތުން ކައިވެންޏަށް ރީހާން އެހީ އެ ދުވަހުއެވެ. ފުންނޭވާއަކާއެކު ރީހާންއާ ލުއި ހިނިތުންވުމެއް ބަދަލުކޮށްލަމުން ޔަލާ އެއްބަސްވީ ދާދި އަވަހަށެވެ. ޚުދު ރީހާންއަށް ވެސް އިނދެވުނީ ޤަބޫލުނުކުރެވިފައެވެ. ކައިވެނީގެ ފުރަތަމަ އަޙުދަކަށްވެގެން ދިޔައީ ސާބިތުކަންމަތީ ހުރުމަށް ޔަލާގެ އެންމެ ބޮޑު ހިތްވަރެއްކަމުގައި ރީހާންވުމަށެވެ. ރަނގަޅުމަގުން ކައްސާލާ ނަފްސު ބަލިކަށިވާފަދަ ދުވަހެއް އަތުވެއްޖެނަމަ ޔަލާގެ އަތުގައި ހިފާ އޭނާ ކޮޅަށް ނަގާނޭމީހާ ކަމުގައި ރީހާން ވުމަށެވެ. އެ ވާހަކަތަކުގައި ފޮރުވިފައިވާ މުރާދަކީ ކޮބައިކަން ނޭނގުނު ނަމަވެސް ރީހާން ވަޢުދުވިއެވެ. ދުވަހަކު ވެސް ޔަލާއަށް ދެރަގޮތެއް ވުމަކަށް ރީހާން ނޭދެއެވެ.

“ކިހިނެއްވީ؟… ކީއްވެ ތިސުވާލު ތިކުރީ… އެވެސް މިހާރު… އަނެއްކާ އަހަންނަށް ކަމެއް ކުރެވުނީތަ؟” ޚިޔާލުގެ ދާވަނިން ސޮއްސާލާ ހަޤީޤަތާ ރީހާން ކުރިމަތިކުރުވީ ޔަލާގެ ހާސްކަން އެކުލެވިގެންދިޔަ އަޑެވެ.

“ސިލީ ގާލް… ތިހާ ހާސްވާކަށް އަދި ނުވެއެއްނު… އަހަރެން ހިތަށް އަރަނީ އަހަންނަށް ޔަލާ އުފަލުގައި ގެންގުޅެވޭބާއޭ… ޔަލާ ބޭނުންވާ ހުރިހާ އުފާވެރިކަމެއް ހޯދައި ދެވޭބާއޭ… އަހަންނާއެކު ޔަލާ ހިތްހަމަޖެހޭބާއޭ…”

“ތިކަހަލަ ކަންތައްތަކާ ނުވިސްނާ… އަހަރެން ރީހާންއާ ކައިވެނި ކުރީ ހުރިހާ ގޮތަކުން ރުހިގެން… އަހަންނަށް ރީހާންއަށްވުރެ ރަނގަޅު ބައިވެރިއަކު ނުލިބޭނެ… ހުރިހާ ވަގުތެއްގައި އަހަންނާއެކު އެންމެ ގާތުގައި ހުރި މީހަކީ ތީ… ދެން ތިކަހަލަ ބޭކާރު ޚިޔާލު ނުކުރައްޗޭ… އަހަންނަކީ މިހާރު ރީހާންގެ މީހެއްނު… އަހަރުމެން ދެމީހުން މި އުޅެނީ ވަރަށް ލޯބިން…” ޔަލާ ހިނިތުންވެލަމުން ރީހާންގެ ކަރުގައި އޮތް ޓައީ ދޫކޮށްލާ އޭނާގެ މޭގައި ފިރުމާލަމުން ލައްވެލިއެވެ. ހިތްހަމަޖެހުމުގެ ނޭވާއެއް ލުމާއެކު ރީހާންގެ ދެއަތުގެ ތެރޭ އޭނާގެ ލޯބިވާ ޔަލާ ހިފަހައްޓާލިއެވެ. ލިބިފައިވާ އުފާވެރިކަމަށް ހެއްދެވިފަރާތަށް ޝުކުރުވެރިވާ ހާލުގައެވެ.

“ބޭރަށް ދާން ތޯ ތިއުޅެނީ…” ރީހާންގެ މެޔާ ދުރަށް ޔަލާ ޖެހިލުމުން އަހާލިއެވެ.

“އާން! އަތިރިމައްޗަށް ގޮސްލަންވެގެން… ރީހާން އަންނާނަންތަ؟”

“އަހަރެން ދަންޏާ ލަސްވެދާނެ… ޔަލާމެން ދޭ… އިރުކޮޅަކުން އަހަރެން ދާނަން… ސައިކަލުގަ ދޯ ދަނީ” ރީހާން މިހެންބުނެ ހެދުން ބަދަލުކުރާން އުޅުނެވެ. ޔަލާ ބޯޖަހާލާފައި ކޮޓަރިން ނުކުތެވެ. އަދި ގެއިން ނުކުންނަން އުޅުނު ވަގުތު ސިޓިންރޫމުގައި އިން ނަސީރާ ގޮވާލިއެވެ.

“ދަރިފުޅާ… މިހާރުއްސުރެން އެބަހުރި ދޮރޯށި ދޮށުގައި… މަންމި މީ ހާދަ ލަސްކުއްޖެކޯ ކިޔާ ދަރިފުޅު ނުނިކުމެގެން ނިކަން ޝަކުވާކޮށްލާފައި އެބަހުރި…” ނަސީރާ ބުނިއެއްޗަކުން ޔަލާގެ ގާތަށް ވެސް ހިނިއައެވެ.

އަތިރިމަތީގައި ކުޑަކުދީންތައް އުޅޭތަން ފެނެއެވެ. ރުކެއްގައި ލެނގިލައިގެން ޔަލާ ހުރިއިރު އޭނާގެ ތުންފަތުގައި ފަނޑު ހިނިތުންވުމެއް ވިއެވެ. މަޑުމަޑުން މޫނުގައި ބީހިލި ވައިރޯޅިއާއެކު ޔަލާ ދެ ލޯ މަރާލިއެވެ. އެހިނދު އޭނާގެ ސިކުނޑީގެ ހިސާބަކުން އިސްކުރީނަށް އެޅިގެންދިޔަ މަންޒަރުން ތުންފަތަށް ހިނިތުންވުމެއް ވެރިވެގެންދިޔައެވެ. އެ އަތުގެ ތެރޭގައި ޔަލާގެ އަތްވީތީ ފެނުނެވެ. ލާނެތް ސަމާސާއެއް ވައިރޯޅި ކޮށްލި ހިނދު ޝޯލްގެ ކަންގަނޑުން މޫނުގައި ޖެހި ކުއްލިއަކަށް ޔަލާ ލޯ ހުޅުވާލިއެވެ.

“އަހަރެންގެ ނުހަނު ގާތުގައި ވާހެން ހީވޭ…. އެކަމަކު އަތްނުލެވޭހާ ދުރުގައި… ދުވަހަކުވެސް ހަނދާނުން ފުހެވުމެއްނެތް… މޭގައި ފަނޑުވުމެއްނުވާނޭ ގަލަމަކުން ތިޔަނަން ލިޔެވިފައިވާކަން ޒާލްއަށް އެނގޭތަ… ޒާލް! އަހަރެން ހިނިތުންވާން ދަސްކޮށްފިން… ޒާލް ވެސް ހިނިތުންވެލާ… ޒާލްއަށްޓަކައި ދިރިއުޅުމައިގެން ކުރިއަށް މިދަނީ… މިއަދު އަހަރެންގެ ފިރިއަކާ ދަރިއަކު ވެސް އެބަހުރި… އުފާވެރި ކުޑަކުޑަ ޢާއިލާއެއް…” މޮޔައަކު ފަދައިން އެކަނި ހުރެ ޔަލާ ވާހަކަދެއްކިއެވެ. އަޑުއަހާނޭ މީހަކު އޭނާގެ ގާތުގައި ހުރި ފަދައިންނެވެ. ހިނިތުންވެލައިގެން ހުރެއެވެ.

“ޔަލާ… އޭތް! ޔާލް…” ފަހަތުން ލުހާގެ އަޑުއިވުނެވެ.

“ތި އައީތަ؟ އަހަރެން މިތާ ހުންނަތާ ކޮންއިރެއް… ކުޑަމީހާ ކޮބާ؟”

“ރީތިކޮށްލައިގެން ނެރުނުތަނާ ދަޔާން ވެއްޖެ ބުރެއްޖަހާލަން ގޮވައިގެން ގޮސް” ޔަލާގެ ގާތުގައި އައިސް މަޑުކޮށްލަމުން ލުހާ ބުނެލިއެވެ. އޭނާ ވެސް ދަޔާންއާ ކައިވެނިކުރީއެވެ. ދެއަހަރުގެ އަންހެންދަރިއަކު މިހާރު އެބަހުއްޓެވެ. ޞާބިރާގެ ހުރިހާ އުންމީދެއް ފުރިހަމަވީއެވެ. އޭނާއާއެކު އެގޭގައި ލުހާ ދިރިއުޅުން ކުރިއަށް ގެންދިޔައެވެ. ރީހާންއާ ކައިވެނިކޮށްގެން އެގެއަށް ޔަލާއަށް ބަދަލުވާން ޖެހުނީ ރީހާންގެ އެކަނިވެރި މަންމައަކު ހުރުމުންނެވެ. އެހެންވިޔަސް ނަސީރާއަކީ ހިތްހެޔޮ އޯގާތެރި މައެކެވެ. ޔަލާދެކެ ވަރަށް ލޯބިވެއެވެ. އޭނާއަށް ޔަލާގެ ހުރިހާ ސިފައެއް ވެސް ވަރަށް ކަމުދެއެވެ.

“ޒާލިފު ދުށިން މިއަދު…” ނުކެރިފައި ހުރެ ވެސް ލުހާ ބުނެލިއެވެ.

“ވާހަކަދެއްކިތަ؟” ޔަލާ އަހާލިއެވެ.

“އާން! ބުނި ވަރަށް އަވަހަށް މެރީ ކުރަންއުޅޭ ވާހަކަ…”

“ކާކާ އިންނަނީ” ޔަލާ އެނގެން ބޭނުންވިއެވެ.

“ހީވަނީ އަލްސާއާހެން… އަލްސާ ތަންކޮޅެއް ކުރީން ބުންޏެއްނު ޒާލިފާ ރައްޓެހިވެގެން އުޅޭ ވާހަކަ” ލުހާ ހަނދާންކޮށްދިނެވެ.

“ރަނގަޅުތާ ދޯ…” ޔަލާ މަޑުމަޑުން ބުނެލިއެވެ.

“ކޮބާ ރީހާން… އޭނަ ކީއްވެ ނައީ” ޔަލާއަށް ވެރިވެގެން ދިޔަ ހިމޭންކަން ފެނިފައި މައުޟޫޢު ބަދަލުކޮށްލަން ލުހާ އުޅުނެވެ.

“މިއަދު އޮޕަރޭޝަނެއް އޮވެގެން ލަހުން ގެއަށް އައީ… ބުނި އިރުކޮޅަކުން މިކޮޅަށް އަންނާނަމޭ…”

“ގެއަށް ވަދެލާފައެއްނޫންތަ ޔާލް ދާނީ… މަންމަ ވެސް ވަރަށް އުފާވާނެ… ސިތާރައްތައާއި ޝިޔާރުބެ ދޮށީމީހާ ހިތާނަ ވެސް ކޮށްފައެއެއްނު އޮތީ… މަޖާވާނެ ވަރަށް…” ލުހާ މިހެން ބުނެލިތަނާހެން އޭނާއަށް ފޯނެއް އައެވެ. ފޯނަށް ޖަވާބުދިން ގޮތުން އޭނާއަށް ގުޅީ ދަޔާންކަން އެނގުނެވެ.

ސިތާރާއާއި ޝިޔާރުގެ ދެމެދުގައި އޮތް ގުޅުން ރަނގަޅުވެ އެ ދެމީހުން ވެސް ކައިވެނީގެ ގޮށް ޖަހާލީއެވެ. އަދި އެ މީހުންނަށް ދެ ފިރިހެން ދަރީން ލިބިއްޖެއެވެ. ސިތާރާ ބޭނުންވާ ފަދައިން އޭނާގެ ލޯބި އޭނާއަށް ލިބިއްޖެއެވެ. އުފާވެރި ދިރިއުޅުމެއް ލިބިއްޖެއެވެ. ހީވެސް ނުކުރާހާ ޝިޔާރު ރަނގަޅެވެ. އޭނާއަކީ އިހުގައި ސިތާރާއަށް އެނގުނު ޝިޔާރުނޫންކަން މިހާރު ސިތާރާ ވެސް ޤަބޫލުކުރެއެވެ. ޝިޔާރަށް އައިސްފައިވާ ހެޔޮ ބަދަލުގެ ސަބަބުން އެ ދެމަފިރިންގެ ގުޅުން ހަރުދަނާވެފައިވެއެވެ.

“ޔާލް! ރޫޔާ ހޮޑުލައިގެން އެބައުޅޭ… ދަނީ އިނގޭ…. އަހަރެން މަންމަ ގާތުގައި ބުނާނަން ޔާލް އަންނާނެއޭ…”

“އޯކޭ… ރީހާން އައީމަ އަހަރެން ދާނަން…” ލުހާ ދިޔަ ދިމާއަށް ބަލަހައްޓައިގެން ޔަލާ ހުރެފައި އޭނާގެ ދަރިފުޅު ކޮބާތޯ ހޯދާލިއެވެ. ލޮލުގައި އަޅައި ނުގަތުމުން ހާސްވެފައި އެކި ދިމަދިމާ ހޯދަން ފެށިއެވެ.

“ޒާލް…. ޒާލް…. ދަރިފުޅާ… ޒާލް…. ކޮބާތަ؟ ޒާލް….” ޔަލާ އޭނާގެ ހަތަރު އަހަރުގެ ފިރިހެން ދަރިފުޅަށް ގޮވަމުން އެއްގަމަށް ނުކުތެވެ. އަތިރިމަތީގައި ނެތްކަން ޔަޤީންވީމައެވެ.

“ރީހާން… ކޮންއިރަކުން އަންނަނީ… ޒާލް ވީތަނެއް ނޭނގިގެން… މިތާ ކުޅެން ހުރެފައި ދިޔަތަނެއް ނޭނގެ… ލުހާ އައިސްގެން އޭނާއާ ވާހަކަދައްކަން ހުރެފައި ބަލާލިއިރު ނެތް ފެންނާކަށް…”

“މިއަދު ވާރޭ ވެހުނެއްނު… މަގުތަކުގައި ފެންގަނޑު ހެދިފާ ހުރެއްޖެއްޔާ ފެންގަނޑާ ކުޅެން ހުރެދާނެ…. މަގަށް ނުކުމެ ބަލާލަބަލަ… އަހަރެން މިދަނީ… މިހާރު ކާރަށް އަރަނީ…” ރީހާން އަވަސްއަރުވާލާފައި ފޯނުން ބުނެލިއެވެ. ޔަލާ ފޯނުކޯލު ކަނޑާލުމާއެކު ދަރިފުޅު ފެނޭތޯ އުޅުނެވެ. ރީހާން ބުނިހެން މަގުމެދުގައި ފެންހެދިފައި ހުއްޓެވެ. އެއްފަރާތެއްގައި ފެންގަނޑާ ކުޅެން ހުރި ކުޑަފިރިހެންކުއްޖާ ޔަލާއަށް ފެނުމާއެކު ދުއްވައިގަތެވެ. ދުރުން ޔަލާ އައިސް ހަމަކުރަންވާއިރަށް ލާނެތް ހިންޏެއް އައިސްފައި ހުރެ ޔަލާގެ އަތުގައި ނުޖެހެން އަތިރިމައްޗާ ވީފަރާތަށް ދުއްވައިގަތެވެ.

“މީ ފިސާރި ދަރިއެއް ހުވާ… ޒާލް… އޭތް! ބަލަ ޒާލް… ދަރިފުޅަށޭ މަންމި މިގޮވަނީ… ސްޓޮޕް ރައިޓް ދެއަރ ޒާލް… ޒާލް…” ޔަލާއަށް ހުއްޓުން އެރީ ކަނާތްފަރާތަށް އޮތް މަގުން އެއްގަމާ ދިމާއަށް ނުކުން ޒުވާނެއްގެ ގައިގާ ދަރިފުޅު ޖެހުމުން އޭނާ އެކުއްޖާ ހިފެހެއްޓީމައެވެ. އޭނާ ތިރިވެލުމާއެކު ޒާލްއާ ވާހަކަދެއްކިތަން ފެނުނެވެ. ނަމަވެސް ޔަލާއަށް އިވޭ ވަރަށް ވުރެ އެމީހުން ތިބީ ދުރުގައެވެ. ޔަލާ އަވަސްއަވަހަށް އައިސް ދަރިފުޅުގެ އަތުގައި ހިފާލިއެވެ. އެއާއެކު އެ ޒުވާނާ ކޮޅަށް ތެދުވެ މަޢުނަވީ ގޮތަކަށް ޔަލާއަށް ބަލާލިއެވެ.

“ސޮރީ… ކޮބާ ޒާލް… ބަސްނާހާކުއްޖެކޭ އެ ބޭބެ ހިތަށް އަރާނެ ޒާލްއަކީ… ޑެޑީ ބުނީ ކީކޭ… ބޭރުގައި އުޅޭއިރު ބަސްއަހަންވާނެއޭ… އެކަމަކު ޒަލަފްގެ މި ކަންފަތަށް އަޑެއްނީވޭނެ” ޔަލާއަށް ކުއްލި ހައިރާންކަމެއް ގެނުވީ ގާތުގައި ހުރި ޒުވާނާ ހީނލިއަޑުއިވިފައެވެ.

“އެއީ އެވަރުކަމެއްނޫން… މީ ދަރިފުޅުތަ… ކިތައް އަހަރު” އެ ޒުވާނާ ސުވާލުކޮށްލިއެވެ.

“އާން… އަހަރެންގެ ދަރިފުޅު… ހަތަރުއަހަރުވީ…” ހައިރާންވެ ހުރެ ޔަލާ ވާހަކަދެއްކިއެވެ.

“އެހެންތަ… މަންމައާ ވައްތަރުގޮތެއް އެބަހުއްޓޭ… ޒާލްތަ ނޫން ޒަލަފް ދޯ ކިޔަނީ… ވަރަށް ޚާއްޞަ ނަމެއްހެން ހީވޭ…” އެ ޒުވާނާ ހިނިތުންވެލުމުން ޔަލާއަށް ވެސް ބޭއިޚްތިޔާރުގައި ހިނިތުންވެލެވުނެވެ. އެ މޫނުމަތިން ދަންނަ ވައްތަރު ޖެހިއެވެ. ކޮނޑާހަމައަށް ދިގުކޮށްލާފައި އޮތް އިސްތަށިގަނޑާއި ތުނިތުނިކޮށް ހުރި ތުނބުޅި މަތިމަހުގެ އިތުރުން ލާފައި ހުރީ ހުދުކުލައިގެ ދިގު ކުރުތާއަކާއި ޖިންސެކެވެ. ފުރަތަމަ ފެނިލުމުން ވެސް އެ ޒުވާނާއާ ވާހަކަދައްކާ ހިތްވާ ކަހަލަ ގޮތެއް ޔަލާއަށް އިހުސާސްވެގެންދިޔައެވެ. ބީރައްޓެހިކަމެއް ނެތް ހެން ހީވަނީ ކީއްވެކަމެއް ޔަލާއަކަށް ނޭނގުނެވެ. ހަމަގައިމު ވެސް މުޅި ނަފްސަށް ފޮނިފޮނި އިހުސާސެއްގެ އަސަރު ފެތުރެން ދިޔަ ކަހަލައެވެ. ބަޔާންކުރާން ދަތި ދަމާ ބާރެއް އެ ޒުވާނެ ހުރި ފަދައެވެ. ހިނިތުންވެލައިގެން އޭނާ ބަހެއް ބުނޭތޯ ބަލަހައްޓައިގެން ޔަލާއަށް ހުރެވުނެވެ.

“ޔަލާ…” ރީހާން ގޮވާލި އަޑު އިވިފައި ޔަލާ ސިހިފައި ފަސްއެނބުރި ބަލާލިއެވެ. އަދި އަވަސްއަވަހަށް ދަރިފުޅު ގޮވައިގެން އެ ދިމާއަށް ދިއުމަށް ހިނގައިގަތެވެ. ވަކި ހިސާބަކަށް ދެވުނު ތަނާހެން ޔަލާގެ ފިޔަވަޅު ހުއްޓުމަކަށް އައެވެ. އޭނާ އެނބުރި ބަލާލިއެވެ. ކަމެއް ފާހަގަވެގެންނެވެ. މުޅި ނަފްސު ތެޅިގަނެ ފުން ނިންޖަކުން ހޭލެވުނު ކަހަލައެވެ. ޔާލާއާ ވާހަކަދެއްކި ޒުވާނާ މިހާރު ފެންނާކަށް ނެތެވެ. އެހާ އަވަހަށް ދިޔައީ ކޮންތާކަށްކަމެއް ނޭނގުނެވެ. އެހެންނަމަވެސް އޭނާގެ ދެ ލޯ ޔަލާއަށް ފެނުނެވެ. އެ ހުރިހާ އިރު އެ ލޮލަށް ބަލަހައްޓައިގެން ސިހުރެއްގައި ޖެހިފައި ހުރި ފަދައިން ހުރި އިރު އެކަން ފާހަގަނުވީ ކީއްވެބާއޭ ޔަލާގެ ހިތަށް އެރިއެވެ. ރަތްކުލައިގެ އެ ކަޅިއެވެ. އެ ދެ ލޮލުގައިވި ވިދުމަށް ބަދަލެއް ނާދެއެވެ. އެ ތުންފަތުގައިވި ހިނިތުންވުމަށް ބަދަލެއް ނާދެއެވެ.

“ޒާލް….” މެޔަށް ފިނިވެގެން ދިޔަ ހިނދު ބޭއިޚްތިޔާރުގައި ޔަލާގެ ދުލުން ބޭރުވެގެން ދިޔައެވެ.

“ޔަލާ… ޒާލް މިހިރީނު…” ޔަލާގެ ގާތުގައި މަޑުކޮށްލި ރީހާން ބުންޏެވެ. އެހެންނަމަވެސް ޔަލާ އެވަގުތު ހޯދީ އޭނާގެ އަތުގައި ހިފާލައިގެން ހުރި ދަރިފުޅެއް ނޫނެވެ. އޭނާއަށް ގެއްލިފައިވާ ލޯތްބެވެ. ހިތުގެ ހަމަޖެހުމެވެ. އެއްވެސް އިޚްތިޔާރަކާ ނުލާ ޔަލާއަށް ހީނލެވުނެވެ. ޒަލަފް ގާތުގައިވާކަމުގެ އިހުސާސެއް ކުރެވުނީމައެވެ. ލިބުނި ހިތްހަމަޖެހުމެއްގެ ބޮޑުކަމުންނެވެ. އޭނާއަށް ހަމަ ހެވެނީއެވެ. އުދުހިގަނެވޭނަމަ އުދުއްސައިގަންނަން ވެސް ބޭނުންވާ ފަދަ އުފާވެރި އިހުސާސެކެވެ.

“މަންމީ… އެ ބޭބެއަށް ކިޔަނީ ކޮއްކޮއަށް ކިޔާނަން….”

“ހޫމް! މަންމައަށް އެނގޭ… އެހެންވެގެންނޭ މަންމަ ދަރިފުޅަށް އެހާ ރީތި ނަމެއް ކީ… ޔަޤީނުން ވެސް ވަރަށް ޚާއްޞަ ނަމެއް…” ލޮލުން ނިރާލި ކަރުނައިގެ ތެރެއިން ޔަލާ ހިނިތުންވަމުން ބުންޏެވެ. އެހިނދު ރީހާން އޭނާގެ ދަރިފުޅު ޒަލަފް އުރާލުމާއެކު ޔަލާ ގެނެސް ގަޔާ ކައިރިކޮށްލިއެވެ.

ޢައިބުވެގެން ހުރި ޒުވާން ޒަލަފްގެ ތުންފަތުގައިވި ހިނިތުންވުން ފަނޑުވެގެން ނުދިޔައެވެ. ހުއްޓިލައިގެން ހުރިއިރު ޔަލާއާއި އޭނާގެ ކުޑަކުޑަ ޢާއިލާ އެކުގައި ދާތަން ބަލަން ޒަލަފް ހުއްޓެވެ. އެ ދެލޮލުން ފައުޅުވެގެން ދިޔަ ކަރުނަ އޭނާގެ އިނގިލިތަކުން ފުހެލިއެވެ. ހިނިތުންވެލައިގެން ހުރެއެވެ.

“އަބަދަށް ކަލާ ލިބުން އެދިހުރިން…” މަޑުމަޑުން ޒަލަފް ބުނެލިއެވެ. އޭނާ ޔަލާއަށް އަބަދުވެސް އިންތިޒާރުކުރާނެއެވެ. ފުރާނައިގެ ބައިވެރިއަކީ އެއީއެވެ. ދެ ދުނިޔޭން ލިބުމަށް އެދޭ ހަމައެކަނި އުފަލަކީ ޔަލާއެވެ. މޭގައި ތެޅެމުންދާ ހިތުގެ ދިރުމަކީ ވެސް ޔަލާއެވެ. އެހެންނަމަވެސް އޭނާ މިވަގުތަށް ޔަލާދެކެ ލޯބިވާނީ ދުރުގައި ހުރެގެންނެވެ. އޭނާގެ އަޖަލުޖެހި އޭނާއަށް ޔަލާ މިލްކުކޮށްދެއްވާނޭ ދުވަހެއްގެ އިންތިޒާރުގައި ހުރެއެވެ. ހުރިހާ ފަހަރަކު ލޯބިވާ މީހާއާއެކު ދިރިއުޅުމުގެ ފުރުޞަތު ނުލިބިދާނެއެވެ. އެހެންނަމަވެސް އަމިއްލަ ހިތުގައި އެ ލޯބި ފޮރުވާލައިގެން ހުރުމުގެ ފުރުޞަތު އެކަކަށް ވެސް ނަގާނުލެވޭނެއެވެ. ތަޤުދީރަށް ވިޔަސްއެވެ. ދުނިޔޭގެ އުސޫލުތަކަށް ވިޔަސް މެއެވެ.

(ނިމުނީ)

Leave a Comment

Your email address will not be published. Required fields are marked *