( ހީވޭ ކަލާ ވާހެން، މި ވާހަކައަކީ 8 މެއި 2016 އިން 29 ޑިސެމްބަރ 2017 އަށް ޖުމްލަ 89 އެޕިސޮޑްގެ ގޮތުގައި ވީނިއުސްގައި ޝާއިރު ކުރެވުނު ވާހަކައެއް. )
“މިތާ ހުރެ ވާހަކަދެއްކުމަށްވުރެ ދެ މީހުން އެކަނިވާހަކަދައްކާލެވޭ ތަނަކަށް ދިއުމަށް ފެނޭ… އެގޮތް ޒާލްއަށް ކަމުނުދާނަމަ މިތާ ހުރެގެން ވެސް ހުރިހާ ވާހަކައެއް ދެއްކިދާނެ… މީހަކައަށް އަޑުއިވިދާނޭތީ އަހަރެން ޖެހިލުމެއްނުވޭ… އިވުނިއްޔާ ކަންނޭނގެ ރަނގަޅީ ވެސް… އޭރުންތާ ތީ ކޮންކަހަލަ މީހެއްކަން އެނގޭނީ… ރީތި ސިފައެއްގައި ފޮރުވިގެން ހުރި ކެހިވެރިއެއް…” ލުހާގެ ބަސްތަކުން ޒާލިފަށް ހިންދިރުވާލެވުނެވެ. މަޑުމަޑުން ބޯޖަހާލުމާއެކު އަތުން އިޝާރާތްކޮށްލީ އެވަގުތު އޭނާގެ ދޫ ހަރަކާތްނުކޮށްގެންނެވެ.
ފޮޓޯކޮޕީ ނެގި ކަރުދާސްތައް ގެނެސް ޒާލިފުގެ މޭޒުމަތީ ބެހެއްޓުމަށްފަހު އޭގެ މައްޗަށް ގަލަން އަޅާފައި ހުރި ދަޅު ބެހެއްޓިއެވެ. އަދި އޮފީހުން ނުކުންނަން ހިނގައިގަތުމުން ލުހާ ވެސް ޒާލިފުގެ ފަހަތުން އައެވެ. ގިމަތައްތައް ހުންނަ ސަރަޚައްދާ ކުރިމަތިވާ ގޮތަށް އިންދާފައި ހުރި ގަސްތަކުގެ ކައިރީ ޒާލިފު އައިސް މަޑުކޮށްލިއެވެ. އޭނާއަށް އެއްޗެއް ނުބުނެވިގެން އުޅެނިކޮށް ލުހާ ވާހަކަދައްކަން ފެށިއެވެ.
“ޔާލް ބަލިވެގެން ހާލެއްނެތިފައި އޮތްއިރު ވެސް ޒާލް އޭނާގެ ހާލުބަލާނުލާ… ފެމެލިއާ މީޓުކޮށްފައި ޒާލް ދިޔަފަހުން އެއްވެސް ޚަބަރެއްނުވާ ވާހަކަ އަހަރެންގެ ގާތުގައި ޔާލް ބުންޏޭ… ކީއްވެތަ އެހެން ހެދީ… ކޮބާތަ މައްސަލައަކީ… ޝީ ރިއަލީ ލަވްސް ޔޫ… މަންމައާ މީޓުކުރުމަކީ ބިގް ސްޓެޕެއް… ޒާލްއަށް ވަރަށް އިތުބާރުކޮށްފައި ޔާލް އެފަދަ ނިންމުމެއް ނިންމީ… ޔާލްއަށް އޮޅުވާލުމުގެ ބޭނުމަކީ ކޮބާ؟ އެކުގައި އުޅޭން ބޭނުންނުވަންޏާ ފިނޑިއަކަށްވެގެން ފިލައިގެން ނޫޅެ ޔާލްއަށް ގުޅާފައި ބުނެބަލަ ބޭނުމެއްނޫނޭ ރިލޭޝަންޝިޕު ކުރިއަށް ގެންދާކަށް… އޭރުން އޭނަ ވެސް ޒާލްއަށްޓަކައި ކަރުނައެއް ނާޅާނެ…”
“ޔަލާއަށް ކިހިނެއްވީ؟” ޒާލިފުގެ އަޑުގައިވަނީ ކަންބޮޑުވުމެވެ.
“ޔާލްގެ ހާލު އަމިއްލައަށް ބެލިއްޔާ ކީއްތަވާނީ… ކީއްކުރަން އަހަރެން ކައިރީ އަހަނީ… އެއްފަހަރު ވެސް އޭނާގެ ހާލު ބަލާލަން ގެއަށް އައިސްފިނަމަ އެނގޭނެ ހުރިހާ ކަމެއް…”
“އެކަމަކު… އަހަރެން… އަހަރެން ކިހިނެއް….” ޒާލިފު ބުނަން ބޭނުންވި ބަސްތައް އަތުރާލުން ފަސޭހައެއްނުވިއެވެ. އޭނާއަކީ ޒަލަފްއެއްނޫނެވެ. އޭނާ ދުވަހަކު ވެސް ޔަލާއާ ބައްދަލުކުރާކަށް ނުދެއެވެ. ޔަލާއާ ދައްކާނޭ ވާހަކައެއް ވެސް ނޭނގެއެވެ. އެކަމަކު މިވަގުތު ޔަލާގެ ހާލު ބަލަން ޒަލަފްއެއް ވެސް ނެތެވެ. އޭނާ ހުރީ ޔަލާގެ ހާލުބެލޭ ފަދަ ގޮތަކަށް ނޫންކަން ވެސް އެނގެނީ ޚުދު ޒާލިފަށެވެ. ހަދާނޭ ގޮތެއް ނޭނގި ހާސްވެފައި ހުއްޓާ ކުއްލިއަކަށް ޒާލިފުގެ އަތުގައި ލުހާ ހިފިއެވެ.
“ޔަލާދެކެ ޒާލް ކުޑަކޮށް ވެސް ލޯބިވާނަމަ އޭނާ ދުށުމަށް އަންނާނެ… ގެއަށް ވަންނަން ނުކެރޭނަމަ އަހަންނާއެކު ހިނގާ… މިއަދު އޮފީސް ނިންމާފައި… ޒާލް ފެނިލުމުން ވެސް ޔަލާ އޯކޭވާނޭކަން އަހަންނަށް ޔަޤީން… ސޯ ޕްލީޒް… ތި ދެމީހުންގެ ދެމެދުގައި ކަމެއް ހިނގައިގަން އުޅެންޏާ އެކަމެއް ސޯޓް އައުޓް ކުރޭ… އަހަރެން…. އަހަރެން ބޭނުމެއްނޫން ޔާލްއާއި ޒާލް ވަކިވާތަން ދުށުމަކަށް… ސޯ ޕްލީޒް… އަހަންނާއެކު މިއަދު ގެއަށް ހިނގާ… ޒާލް ޕްލީޒް… ސޭ ސަމްތިންގ…” ލުހާގެ އަޑުގައިވާ ނުރުހުމުގެ އަސަރު އާދޭހަށް ބަދަލުވެގެންދިޔައެވެ.
“އޯކޭ…” ޚިޔާލަކަށް ގެއްލިފައި ހުރިހެން ޒާލިފު ބުނެލިއެވެ.
ހަވީރު ފަހެއް ޖެހިއިރު ޑިއުޓީ ނިންމާފައި ލުހާ އެންމެ ފުރަތަމަ ވެސް އަވަސްވެގަތީ ޒާލިފު ހޯދުމަށެވެ. އޭރު އޭނާގެ އޮފީސްގަޑި ނިންމާފައި އިތުރު މަސައްކަތްތައް ކުރުމަށް މަޑުކޮށްގެން އިންތަން ފެނުމުން ލުހާއަށް އުފަލުން ދެއަތްޖޯޑުކޮށްލެވުނެވެ. ލުހާ ގޮވާލި އަޑާއެކު ޒާލިފު އެ ދިމާއަށް ބަލާލިއެވެ. އަދި އޭނާ ވެސް ކުރާން ހުރި މަސައްކަތް ހުއްޓާލާފައި ގެއަށް ދިއުމަށް ތައްޔާރުވެ ލުހާއާއެކު ހިނގައިގަތެވެ. އޭރު ވެސް އޭނާއަށް މިކުރެވެނީ ކީއްކަން ޔަޤީންނުވާ ކަހަލައެވެ.
ޓެކްސީއިން ފޭބިގޮތަށް ކިނާރީގެ ދޮރޯށި ހުޅުވާލާފައި އެތެރެއަށް ލުހާ ވަނެވެ. އޭރު ސިޓިންރޫމުގައި ލިޔުންތަކެއް ބަލަން ޞާބިރާ އިނެވެ. އޭނާ ވެސް އިސްއުފުލާ ބަލާލީ ގެއަށް އައީ ކާކުތޯ ބަލާލުމަށެވެ. ލުހާގެ ފަހަތުން ސިޓިންރޫމަށް އޮފީސް ހެދުމުގައި ހުރި ޒާލިފު ވަންތަން ފެނުމުން ޞާބިރާއަށް ސޯފާއިން ތެދުވެވުނެވެ.
“މަންމާ… ޒާލް އެއައީ ޔަލާއާ ބައްދަލުކޮށްލަންވެގެން…” އަނގައިން ނުބުނެ ޞާބިރާ ހުންނަން ފެށުމުން ލުހާ ބުނެލިއެވެ. ކުރިން ފެނުނު އިރާއި މިހާރާއި ޒާލްގެ ކިބައިގައި ތަފާތުކަމެއް ހުރިހެން ޞާބިރާއަށް ހީވިއެވެ.
“މަންމަ ހިތަށް އަރާފަ މިހުންނަނީ ޒާލް ކީއްވެބާއޭ ނާންނަނީ… އަނެއްކާ ހުރިހާ ކަމެއް ވެސް ރަނގަޅުތަ؟” އިރުކޮޅަކު ވިސްނާލަން ހުރެފައި ޞާބިރާ ވާހަކަދެއްކިއެވެ. އޭނާއަށް ޒަލަފްގެ ކިބައިން ފާހަގަކުރެވުނު ތަފާތަކީ އޭނާގެ ލޮލެވެ. މިހާރު އެ ދެ ލޮލުގައި ވަނީ ރަތްކުލައިގެ ކަޅިއެއްނޫނެވެ. ދިވެހީންގެ އާންމުކޮށް ހުންނަ ފަދަ ގަދަޗޮކުލެޓު ކުލައަކަށްދާ ކަޅިއެކެވެ.
“ޔާލް ކޮޓަރީގަ ދޯ” ލުހާ އަނެއްކާ ވެސް ވާހަކަދެއްކީ ޔަލާގެ ގާތަށް ޒާލް ގެންދަން ބޭނުންވެފައި ހުރިވަރުންނެވެ.
“އާން! ނިދިއަންނަނީއޭ ކިޔާފައި ވެއްޖެ ކޮޓަރިއަށް ގޮސް… މިގަޑީގައި ނިދާކަށް ނުވާނޭ ބުނީމާ ވެސް ވަރުބަލިވާތީ ނުހުރެވިގެން އެ ދިޔައީ… ފަހަރެއްގައި ޒާލް އައީމަ ނުނިދާ ހުރެދާނެ” ޞާބިރާ ބޭނުންވީ އިރުއޮއްސޭއިރު ޔަލާ ނިދާ ނިދުން ހުއްޓުވުމެވެ. ޒާލް އެގެއަށް އެވަގުތު އައުމަކީ ނަސީބެއްކަމުގައި އޭނާ ދުށީ އެހެންވެއެވެ. ލުހާއާއި ދެ ކުދީން ހުއްޓުވުމުގެ ބަދަލުގައި ޔަލާގެ ކޮޓަރިއަށް ދިއުމަށް އޭނާ ހުއްދަދިނެވެ.
“ޔާލް… މީ ލުހާއޭ…. އެބަ ވަންނަން އިނގޭ…” ޔަލާގެ ކޮޓަރީ ދޮރުގައި ޓަކިޖަހާލާފައި ތަންކޮޅެއް ބާރަށް ލުހާ ބުންޏެވެ. އަދި ޒާލްއަށް އިހަށް މަޑުކުރުމަށް އަތުން އިޝާރާތްކޮށްލާފައި ތަޅުގައި ހިފައި އަނބުރާލުމާއެކު ކުޑަކޮށް ދޮރުހުޅުވާލާ އެތެރެއަށް ލުހާ ވަނެވެ.
“ސާބަސް ޔާލް! ކޮންވައްތަރަކަށްތަ ތި އޮތީ…” ހަމައެކަނި ކުރު ސޯޓުބުރިއަކާއި އަތްކެނޑި ޓީޝާޓުކޮޅެއްގައި ދެއަތާއި ދެފައި މުޅި އެނދުގައި ފަތުރާލާފައިވާހެން އުއްޑުން ޖެހިފައި ޔަލާ އޮތެވެ. އޭނާގެ ދެ ލޯ މަރާ ބާރުކޮށްލާފައިވެއެވެ. އޭރު ޔަލާގެ ލޮލުގެ ހިމަކޮޅުން ހިފެހެއްޓުމެއްނެތި ކަރުނަ އޮހެމުންދިޔައެވެ. އަވަސް އަވަހަށް ދޮރުލައްޕާލާފައި ލުހާ އައިސް ޔަލާގެ ގައިގާ ހިފައި ނަގަން އުޅުނެވެ. ނަމަވެސް އޭނާ ސިހިފައި ދުރަށް ޖެހިލެވުނީ ޔަލާއެކޭ ހިލައިގެ ބުދެކޭ އެއްފަދަވުމުންނެވެ. އެނދުމަތިން ޔަލާ ހިއްލާލުން ލުހާއަށް ކުޅަދާނަކަމަކަށްނުވީއެވެ. އެނދުމަތީ ޔަލާގެ ހަށިގަނޑު ތަތްވެފައިވާ ކަހަލައެވެ. އޭނާގެ އެންމެ އަތެއް ވެސް ލުހާއަށް ހިއްލާ ނުލެވުނެވެ. ހިތަށް ބިރުވެރިކަން ވަދެގެންދިޔައީ ޔަލާ ލައިގެން އޮތް ސޯޓުބުރި ލެއިން ތެމެމުންދާތަން ފެނިފައެވެ.
“ޔަލާ! ކިހިނެއްވެފައި ތިއޮތީ؟ ޕްލީޒް… އަހަރެން ބިރުނުގަންނުވާ ނިކަން ތެދުވެބަލަ….” ލުހާ ބުނެލިއެވެ. އެވަގުތު ކޮޓަރީގެ ބޭރުގައި ހުރި ޒާލިފު ދޮރުގައި ޓަކިދެމުން ވާހަކަދެއްކިއެވެ.
“ހުރިހާ ކަމެއް އޯކޭތަ؟” އިވުނީ ޒާލިފުގެ އަޑު ނަމަވެސް ކުއްލިއަކަށް ޔަލާގެ ބޯ ހިއްލާލުމާއެކު ދޮރާ ދިމާއަށް އޭނާ ބަލާލިއެވެ. އަދި ހަށިގަނޑަށް އަރާފައިވާ ބާރުގަނޑު ކެނޑުނީ ވެސް އެވަގުތުއެވެ. އެހިނދު ސަލާމަތަށް ތެޅިތެޅިއޮތް މީހަކު ފަދައިން ފުންމައިގެން ޔަލާ ތެދުވެއްޖެއެވެ.
“ޔާލް! އޭތް! ކިހިނެއްތަވީ؟ ހަމަޖެހިބަލަ….” ކުއްލިއަކަށް ޔަލާ ހާސްވެގެން ތެޅިފޮޅެން ފެށުމުން އޭނާގެ ދެ ކޮނޑުގައި ލުހާ އައިސް ހިފުމާއެކު އޭނާ ހުއްޓުވިއެވެ.
“ކާކު؟ އެ އައީ ކާކު؟…” ބިރުގެންފައިވާ ފަދަ ގޮތަކަށް ޔަލާ ވާހަކަދެއްކިއެވެ.
“މިވަގުތު ޔަލާ ދުށުމަށް އެންމެ ބޮޑަށް ބޭނުންވެފައިވާ އިންސާނާ ގޮވައިގެން މި އައީ… ދެން ވެސް ތިހެން ނުހުރެ އޭނާއާ ބައްދަލުކުރާން ތައްޔާރުވެބަލަ… ކިހާއިރަކު އެގޮތަށް އޭނާ ބޭރުގައި ބަހައްޓާނަންތަ؟” ޔަލާ ހަމައަކަށް އެޅުނުހެން ހީވުމުން އޭނާގެ ކޮނޑުން ލުހާ ދެއަތް ނެގިއެވެ.
“މަޑުކޮށްބަލަ! ތިހެން ހުރެގެންތަ ނުކުންނަން ތި އުޅެނީ… ބަލާބަލަ ޔަލާ ހުރިގޮތް… ލައިގެން ހުރި އެއްޗެހި…” ލުހާ މިހެންބުނުމާއެކު ޔަލާއަށް ވިސްނާލެވުނެވެ.
“ޒާލް…. ޒާލް…” މަޑުމަޑުން ޔަލާއަށް ބުނެވުނެވެ.
“ޒާލް އެއްވެސް ތާކަށް ދާކަށް ނޫޅޭ… އިހަށް ހިނގާ ޗޭންޖުކުރާން… ކަމޯން ސިސް…” ލުހާ ބުނެލިއެވެ. ފާޚާނާ ކައިރީ ހުރި ހަރުން ތުވާލި ނަގާ ޔަލާގެ އަތަށް ލައިދެމުން އޭނާ ފާޚާނާއަށް ވެއްދީ ލުހާއެވެ. އަދި ފާޚާނާގެ ދޮރުކައިރިކޮށްލާފައި އަވަސްކުރުމަށް ބުނަމުން ލުހާ އައިސް ޔަލާގެ އަލަމާރިން އަތްދިގު ޓީޝާޓުކޮޅަކާއި ދިގު ހަރުވާޅެއްގެ އިތުރުން ޔަލާއަށް މިވަގުތު ބޭނުންވާނޭ އެހެން ސާމާނު ވެސް ނެގިއެވެ.
“ޔާލް… އަހަންނަށް ހީވާ އެއްޗެއް ބުނަންތަ؟ އަހަންނަށް ހީވަނީ ޔާލް ތިހާ ބޮޑަށް ޕީރިއަޑްވާތީހެން ގައިން ލޭ މަދުވަނީ… މަންމަ ގާތުގައި ތަންކޮޅެއް ސީރިއަސްކޮށް މި ވާހަކަތައް ދައްކަން ފެނޭ… އެނގޭތަ! ދެންމެ އަހަރެން ހާދަ ބިރެއްގަތޭ… ޔާލް އޮތީ ހުއްޓިފައި އޮތް މީހެއްހެން… އިޓްސް ވިއާޑް އެންޑް ސްކެއަރީ… ހިލަގަނޑެއްހާ ބަރު… އަހަރެން ވިއާޑް ސްޓަފް ޤަބޫލުކޮށް އެއަށް ބޯލަނބާތީއެއްނޫން، އެހެންނަމަވެސް ޑޮކްޓަރުންނަށް ރަނގަޅު ނުކުރެވޭ ކަންކަން ހުރެއެއްނު…. އައި މީން… ފަހަރެއްގައި…”
“ދެން ހެޔޮ…” ޔަލާ ބަލާލި ގޮތުން ލުހާ ފަސްޖެހުނެވެ. އިތުރަށް އޭނާ އެއްވެސް ވާހަކައެއް ނުދެއްކިއެވެ. ފިނިނޭވާއެއް ބޭރުކޮށްލުމާއެކު މަޑުމަޑުން އައިސް އެނދުގެ ބެޑުޝީޓު ނަގާ ގުޅަކޮށްލާފައި އެ ކޮޓަރީގައި ހުރި ދާވަށިގަނޑަށް ލިއެވެ. އަތްމަތި އަވަސްކޮށްލުމާއެކު ޔަލާގެ އެނދުގެ ތަންމަތި އަޅަން އުޅުމުން އެކަމުގައި ޔަލާ ވެސް އެހީތެރިވިއެވެ. ކޮޓަރިތެރެ ހަމަޔަކަށް އެޅުމާއެކު ޔަލާގެ އަތުގައި ހިފައިގެން ގެނެސް އެނދުގައި އޭނާ ބައިންދާފައި ލުހާ ގޮސް ދޮރުހުޅުވާލިއެވެ.
“އާދޭ! ސޮރީ ހީކުރިވަރަށްވުރެ ޔާލްގެ ހާލު ބޮޑު… އެހެންވެ އިރުކޮޅެއް ނެގީ…” ޒާލިފުގެ މޫނަށް ބަލާލަމުން ލުހާ ބުންޏެވެ.
ޖެހިލުންވެފައި ހުރި ޒާލިފު ފުންނޭވާއެއްލީ އަމިއްލަ ނަފްސަށް ހަމަޖެހުމެއް ލިބޭތޯއެވެ. ނަމަވެސް އޭނާގެ ހިތުގެ ހިނގުންވަނީ އަވަސްވެފައެވެ. ޔަލާއާ ދައްކާނެ ވާހަކައެއް ވެސް އޭނާއަށް އެނގެނީއެއްނޫނެވެ. އަނެއްކޮޅުން އޭނާއަކީ ޒަލަފް ނޫންކަން ހާމަކޮށްފިނަމަ ދެންވާނެ ގޮތަކާ މެދު ސިކުނޑީގެ ހިސާބަކުން އިންޒާރު ދެމުންދިޔައެވެ. ކުޑަކޮށް ވެސް ޒަލަފް އެ ޢާއިލާއާ ދައްކާފައިވަނީ ކޮންވާހަކައެއްކަމެއް ނޭނގޭތީ ވެސް މެއެވެ. ޔަޤީނުން ވެސް ޒަލަފްއާ ވައްތަރު އެއްމާބަނޑު ކޮއްކޮއަކު ހުރިކަން އެ ޢާއިލާއަށް އެނގިފައި އޮތްނަމަ ޒާލިފު ފެނި ލުހާއަކަށް ނޯޅޭނެއެވެ. ވާހަކަދެއްކުމުގެ ކުރީން އެއީ ކާކުތޯ އޮޅުން ފިލުވަން ބޭނުންވީހެވެ.
ޚިޔާލުތަކަށް ގެއްލިފައި ހުރެ ސިކުނޑީގައިވާ އަރަތަށް ޖަވާބު ހޯދަމުން ކޮޓަރިތެރެއަށް ޒާލިފު ވަދެ ދެ ފިޔަވަޅު އަޅާނުލެވެނީސް ސިހިގެން ދިޔައީ އޭނާގެ ގައިގާ ޔަލާ އައިސް އޮޅުލައިގަތުމުންނެވެ. އެ މަންޒަރު ފެނި ލުހާގެ ހިތަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބިގެންދިޔައެވެ. ބޭއިޚްތިޔާރުގައި ކަހަލަ ގޮތަކަށް ގަމީހުގެ ބައެއް ދެއަތަށް ބޮނޑިކޮށްލައިގެ އެ މޭގައި މޫނު ފޮރުވާލައިގެން ހުރެ ރޮމުންދިޔަ ޔަލާގެ ކޮނޑުގައި ޒާލިފަށް ދެ އަތުން ހިފަހައްޓާލެވުނެވެ. ހަމައެވަގުތު އޭނާގެ ނަޒަރު ލުހާއަށް ހުއްޓުނެވެ. އެ ދެމެދުގައި ހަތަރުކަޅި ބައްދަލުވި ހިނދު ލުހާއަށް ނެގުނީ ޒާލިފު ދޭން ބޭނުންވި މެސެޖެއް ނޫނެވެ.
“ޔޫ ޓޫ ބެޓާ ޓޯކް… އަހަރެން މި ދަނީ ތިރިއަށް…” ލުހާ މިހެން ބުނެލުމާއެކު ކޮޓަރިން ނުކުމެގެން ދިޔައީ ދޮރު ވެސް ލައްޕާލާފައެވެ. އޭނާގެ ދައްތައާއި ވާން އުޅޭ ޅިޔަނަށް ވާހަކަދައްކަން ފުރުޞަތުދީފައެވެ.
“ޔަ…. ޔަލާ… އިށީންނަންވީނު…” އިރުކޮޅަކު ހުރުމަށްފަހު ޒާލިފު ބުންޏެވެ. އަދި އޭނާގެ އަތުގެތެރޭގައި ޔަލާ ހިފަހައްޓާލައިގެން ހުރެ އައިސް އެނދުގައި ޔަލާ ބޭންދިއެވެ. އޭނާގެ ގާތުގައި ޒާލިފު ވެސް އިށީނެވެ.
“ޒާލް! އަހަރެން ކިހާ ވަރަކަށް ގުޅިން… ކިތައް މެސެޖު ފޮނުވިން… އަދިކިރިޔާތަ އަންނަން އެނގުނީ… ކީއްވެ ތިހެން ކަންތައްތިކުރަނީ… އަހަންނަށް ކީއްކުރެވުނީ… އައި މިސްޑް ޔޫ ސޯ މަޗް…” ރޮމުން ވާހަކަދައްކަމުން ދިޔަ ޔަލާގެ ހަރަކާތްތައް ހުރި ގޮތުން ޒާލިފަށް އުނދަގޫވިއެވެ. ނަމަވެސް އޭނާއަށް ޔަޤީންކުރެވުނީ ޔަލާއާއި ޒަލަފްގެ ގާތްކަމެވެ. އެއީ ކިހާ ވަރެއްގެ ގާތްކަމެއްކަން ޒާލިފަށް ނަގައިގަންނާކަށް އިތުރު ހެއްކަކަށް ބޭނުމެއްނުވިއެވެ. ހައިރާންވީ އެފަދަ އެއްވެސް ވާހަކައެއް ޒަލަފްގެ ފުށުން އޭނާއަށް އެނގިފައި ނެތީމައެވެ. އެވަގުތު ޒާލިފުގެ ސިކުނޑިއާއި ޟަމީރު ކަމަކަށް އެއްބަސްވިއެވެ. ޔަލާއާއި ޒަލަފްގެ ދެމެދުގައިވާ ފަރުދާ ހިއްލިފައިވާކަން ހާމަކުރުމަކީ ލަދުވެތި ވާހަކައެއްކަމެވެ. އެކަން ޒަލަފް ސިއްރުކުރީ އެހެންވެއެވެ. ޚުދު ޒާލިފު ނަމަވެސް އެފަދަ ވާހަކައެއް އިތުރު މީހަކު ގާތުގައި ނުދެއްކުނީހެވެ. ޔަލާގެ ހަރަކާތްތަކައް ޒާލިފު ސަމާލުވެ އިނީ އެހެންވެއެވެ. ޒަލަފްގެ ހައްޤެއްކަން އެނގޭ އިރު އެ ހައްޤަށް އޭނާ އަތްގަދަ ކުރާކަށް ބޭނުމެއްނޫނެވެ. ނަފްސުގެ ޤަދަރަށް އުނިކަމެއް ލިބޭފަދަ ކަމެއް އޭނާ ނުކުރާނެއެވެ. އެހެންނަމަވެސް ޔަލާގެ ހާލު ފެނިފައި އޭނާގެ ހިތް ހަމްދަރުދީއިން ފުރިފައިވެއެވެ. ޔަލާގެ ރުއިން ހަމައަކަށް އެޅޭން ދެން މޭގައި ބޮނޑިކޮށްލައިގެން އިނެވެ. ޒާލިފު ވާހަކަދެއްކީ ޔަލާގެ ރުއިން ހުއްޓުނީމައެވެ.
“ޔަލާ ކީއްވެ ބަލިވީ؟ ލުހާ ކިޔައެއްނުދޭ ޔަލާއަށް ވީގޮތެއް” ޒާލިފު މިހެން ބުނެ ނުނިމެނީސް ޔަލާ އަނެއްކާ ވެސް ރޯން ފަށައިފިއެވެ.
“ޕްލީޒް ޔަލާ… އަހަރެން ބޭނުމެއްނޫން ޔަލާ ރޯތަން ދުށުމަކަށް… އަހަންނަށް ކިޔައިދީބަލަ؟ ޑޮކްޓަރު ކީކޭ ބުނަނީ”
“ޒާލް! އަހަރެން ބިރުގަނޭ… ހަޤީޤަތަކީ ކޮބައިކަމެއް ހުވަފެނަކީ ކޮބައިކަމެއް އަހަންނަކަށް ނޭނގޭ… ޒާލް! ޕްލީޒް… އަހަންނާ މެރީ ކުރޭ… އަހަރެން ބޭނުންވަނީ ޒާލްއާއެއްކޮށް ހުރިހާ ވަގުތަކު ހުންނަން…. ޕްލީޒް…. ހިނގާ އަހަރުމެން އަވަހަށް މެރީކުރާން…”
“މެރީ ކުރާށޭ…” ހައިރާންވެ އަންތަރީސްވެފައި އިނދެ ޒާލިފަށް މަޑުމަޑުން ބުނެލެވުނެވެ.
“ޒާލް ބުނީމެއްނު ވީ އެންމެ އަވަހަކަށް އަހަރުމެން މެރީ ކުރާނީއޭ… އަހަރެން ދެން ބޭނުމެއްނޫން އެންމެ ދުވަހެއް ވެސް ޒާލްގެ އަނތްބެއްގެ ގޮތުގައި ނޫން ގޮތަކަށް ހުންނާކަށް… ޕްލީޒް… ނޫނީ…” ކުއްލިއަކަށް ޒާލިފާ ދުރަށް ޖެހިލަމުން އޭނާގެ މޫނަށް ޔަލާ ބަލާލިއެވެ. އެ މޫނުމަތިން ތަފާތުކަމެއް ޔަލާއަށް ފާހަގަވީހެން ހީވިއެވެ. އޭނާ މަޑުމަޑުން ދުރަށް ޖެހިލިއެވެ.
“ޒާލް ޚިޔާލު ބަދަލުވީތަ؟ އަހަރުމެން ދެ މީހުންގެ ދެމެދުގައި ހިނގައިދިޔަ ކަންތައްތަކަށްފަހުތަ؟ ޒާލް ހީވަނީ މުޅިން އެހެން މީހަކުހެން… ތީ އަހަރެންގެ ޒާލްއެއް ނޫން ދޯ… ލޮލުގައިވާ ލެންސު ވެސް ނެގީތަ؟ ހެދުން އަޅާގޮތް ވެސް ބަދަލުވީތަ؟ އަހަންނާ ގާތްވާން ވެސް ބިރުގަންނަނީތަ؟ ތިހާ ބޮޑު ބަދަލެއް އައީ ކީއްވެ؟ ބޭނުން ފުދުނީމަތަ؟ ނޫނީ ޒާލްގެ ގައިގާ ބައްޔެއް ހުރީތަ؟ އެ ބަލި އަހަންނަށް ވެސް ޖެހުނީތަ؟ އޯ ގޯޑް…” ކުއްލިއަކަށް ޔަލާ އެނދުން ތެދުވިއެވެ. އަމިއްލަ ބޮލުގައި ދެއަތުން ހިފަހައްޓާލުމާއެކު އޭނާ މޮޔައަކު ފަދައިން ހަރަކާތްކުރަން ފެށިއެވެ. ގުދުވެ ގުދުވެފައި ތެދުވާއިރު އޭނާއަށް ބާރަށް ރޮވެނީއެވެ.
“އަހަރެން ރޭޕްކުރާތީ ފެންނަނީ ޒާލްއާއެކު ކުރެވުނު ކަންތަކުން….” ޔަލާ ދައްކާ ވާހަކައެއް އެއްގޮތަކަށް ވެސް ޒާލިފުގެ ސިކުނޑިއަކަށް ނުވިސްނުނެވެ. އެހެންނަމަވެސް ޔަލާގެ ހިތަށް ކޮށްފައިވާ އަސަރު އޭނާއަށް ފަހުމްވެއެވެ. ޒާލިފުގެ ހިތުގައި މަޑު ރިހުމެއް އުފެދިގެން ދިޔައެވެ. އޭނާގެ ހިތުގައި އެ އަންހެންކުއްޖާއާ ހެދި އައު ވިންދެއް ޖެހިއެވެ. ނަމަވެސް އެކަން ފޮރުވާލީ މަސްލަހަތަށްޓަކައެވެ. މިއަދު އެ އަންހެންކުއްޖާ ބަލިކަށިވެފައިވާ މިންވަރު ފެނުމުން ޒާލިފުގެ ހިތަށް ވެސް ކެތްކުރަން ދަތިވީއެވެ. އޭނާ އެނދުން ތެދުވެގެން އައިސް ގަދަކަމުން ކަހަލަ ގޮތަކަށް ޔަލާގެ ގައިގާ ބައްދާލިއެވެ. އަދި ލޯތްބާއި އޯގާތެރިކަމާއެކު ޔަލާގެ ބޮލުގައި ކަނާތުން ފިރުމަމުން ދިޔައެވެ.
“ޔަލާއަށް ދެރައެއްދޭ ވަރަށްވުރެ އަހަރެން ޔަލާދެކެ ލޯބިވޭ… އަހަރެން ޔަލާއާ ވަކިވެގެން ނުދަން… ނުވެސްދާނަން… އެއަށްވުރެ ބޮޑަށް ޔަލާދެކެ ލޯބިވޭ… އަހަރެން މިހާރު މިހިރީ އައިހެންނު… ދެން ނުރޮއެ… ޕްލީޒް ޔަލާ… ދެން ހުއްޓާލާ…”
“އަހަރެން މޮޔަވެދާނެ ޒާލްއާ ވަކިވާންޖެހިއްޖެނަމަ…. އަހަރެން ބުނީމެއްނު…. އައި ލަވް ޔޫ… އައި ލަވް ޔޫ ޒާލް…” ކަރުނުން ފުރި ރަތްވެފައިވާ ދެ ލޮލުން ޒާލިފަށް ބަލަން ހުރެ ޔަލާ ބުންޏެވެ. އޭރު ދެ ޒުވާނުންގެ ނަޒަރު ވަނީ އެކަކު އަނެކަކަށް ހުއްޓިފައެވެ.
“އައި ލަވް ޔޫ ޓޫ…” ޔަލާގެ ދެއަތުގައި ހިފާ ބާރުކޮށްލެވުމާއެކު ޒާލިފު ބުނެލިއެވެ. ހީވީ ފުރަތަމަ ފަހަރަށް ހިތުގައި އޮބިއަޅަމުން އައި އިހުސާސެއް ލަފުޒުތަކުގެ އެހީގައި ދުލުން ބޭރުކޮށްލި ހެނެވެ.
ހިމޭންކަމުގެ ވަގުތުކޮޅެއް އެ ދެމެދުގައި ވުމަށްފަހު އަނެއްކާ ވެސް ޔަލާ ގޮވައިގެން އައިސް އެނދުގައި ޒާލިފު އިށީނެވެ. އަދި ޔަލާއާ ސުވާލުކުރާން ފެށިއެވެ. ޔަލާގެ ހަށިގަނޑުން ލޭމަދުވަނީ ކަމުގައި އޭނާ ބުންޏެވެ. އަދި ޑޮކްޓަރަކު ބައްޔެއް ސިފަކުރާނޭ ފަދައިން އޭނާއަށް ވާގޮތް ޒާލިފަށް ސިފަކޮށްދިނެވެ. ހުވަފެނެއް ފަދައިން ހޭލާ ހުންނައިރު ވެސް ހަޤީޤަތެއްނެތް މަންޒަރުތައް ފެންނަ ގޮތުގެ ވާހަކަ ޔަލާ ކިޔައިދިނެވެ. ޒާލިފުގެ ސިކުނޑިއަށް ޔަލާގެ ވާހަކަތައް ނަގައިގަނެވުނީ މުޅިން ތަފާތުކޮށެވެ. އަބްދުއްރަޢޫފުގެ އިތުރުން ޒަލަފްގެ ހަޤީޤަތް އެނގޭތީވެ ޒާލިފުގެ ސިކުނޑި މަސައްކަތް ކުރީ ވެސް އާދައިގެ އިންސާނަކު ވިސްނާނޭ ގޮތާ ޚިލާފަށެވެ. އޭނާއަށް ވިސްނުނު ގޮތުގައި ޔަލާ އެވަނީ އެހެން ބާރެއްގެ ނުފޫޒުގެ ތެރޭގައެވެ. އެކަމުން ޔަލާ ސަލާމަތްކުރާން އެބަޖެހެއެވެ. އެކަމަކު ޒާލިފަށް އެނގޭ ކަންކަމުގެ ވާހަކަ ޔަލާއަށް ކިޔައިދީ އޭނާ ބިރުގަންނުވާކަށް ބޭނުމެއްނޫނެވެ.
“ޔަލާ ތިހާ ބަލިވެއުޅޭއިރު އެކަނި ކޮޓަރީގައި އޮތުން އެހާ ރަނގަޅެއްނުވާނެ… މި ދުވަސްކޮޅު ގޭގެ ކޮންމެވެސް މީހަކާއެކު އަބަދުވެސް އުޅޭންވީ… މިހާރު ލޭއައުމަކީ ޔަލާގެ ބައްޔާ ގުޅިގެން އަންނަ ލޭއައުމެއްކަމަށްވާނީ… އެހެންވީމަ އަޅުކަންތަކުގައި ޔަލާއަށް ބައިވެރިވެވޭނެ… ވަރަށް ހިތްވަރު ގަދަވާން ވާނެ… ބައްޔެއްވެލާއިރަށް ތިހާ ފިނޑިވާކަށްނުވާނެ… އަހަރެންގެ ޔަލާ އެހާ ފިނޑިއެއްނުވާނެކަން އެނގޭ… ރަނގަޅަށް ކައިގެން ބަލިން ފަސޭހަވާން އަޒުމު ކަނޑައަޅަންވީ… އިރާދަކުރެއްވިއްޔާ ޔަލާއަށް ޝިފާލިބޭނެ… ދެން މާބޮޑަށް ކަންކަމާ ނުވިސްނާ… މިވަގުތު އަހަރެންގެ ޢާއިލާއަށް ވެސް ވަރަށް ދަތި ދުވަސްތަކެއްމީ… އެހެންވީމަ އެ މީހުންގެ ގާތުގައި ވެސް ހުންނަން އެބަޖެހޭ… ޔަލާގެ ގާތަށް އަހަންނަށް ނާދެވުނަސް ފޯނުން ވާހަކަދެއްކޭނެ… ކޮބާ ޔަލާގެ ފޯނު… އަހަރެން ފެންނަން ނެތަސް ހީކުރޭ އަހަރެން އަބަދުވެސް ޔަލާއާއެކު ވެޔޭ… ވަރަށް ފަރުވާތެރިވާތި އަޅުކަމަށް… ކޮންމެ ކަމަކަށް ވެސް ޝިފާ ދެއްވާނީ އެކަލާނގެ… ޤުރުއާން އަޑުއެހުމާއި ކިޔެވުމަކީ ނަފްސަށް ހަމަޖެހުން ލިބޭނެކަމެއް… ގިނަގިނައިން އެކަން ކުރެވޭތޯ ބަލާ…”
“ޒާލް އަހަރެންގެ ގާތަށް ދެން ނާންނާނަންތަ؟” ޒާލިފުގެ ވާހަކަތައް ކަނުލާ އަޑުއަހަން އިނދެފައި ޔަލާ ސުވާލުކޮށްލިއެވެ. އޭނާ އިހުސާސް ކުރެވުނީ އެ ދެމެދުގައި ދުރުކަމެއް ވާކަމެވެ.
“އަންނާނަން، އެކަމަކު ކުރީން އަންނަހެން އެހާ ގިނައިން އާދެވެން ނެތީ… ޔަލާ ބަލިވެ އުޅޭއިރު އަހަރެން ވެސް އުޒުރެއްނެތި ޔަލާއާ ދުރަކު ނުހުންނާނެކަން ޤަބޫލުކުރޭ… ދެ މީހުންނަށް ގުޅެވެންދެން އިހަށް ދެ މީހުން ވެސް ތަންކޮޅެއް ދުރުން އުޅޭންވީ… ގައިގޯޅިކޮށް އުޅުމުން ކުރެވޭނީ އިތުރު ފާފަތަކެއް… އެއީ ރަނގަޅުކަމެއް ނޫންކަން ޔަލާއަށް ވެސް އެނގެއެއްނު…” ޒަލަފްގެ ވާހަކަތަކަށް ޔަލާ ބޯޖަހާލިއެވެ.
“ޒާލް ވާހަކަދައްކާ ގޮތް ވެސް ތަފާތުވެއްޖެހެން ހީވަނީ… އަޑު ވެސް ބަދަލުވެފައި…” ވިސްނަން އިނދެފައި ޔަލާ ބުނެލިއެވެ. އަދި އަނެއްކާ ވެސް ޒާލިފުގެ މޫނަށް ޔަލާ ބަލަން ފެށިއެވެ. އެ ބެލުން ތިރިކޮށްލުމަށް ޔަލާގެ މޫނުގައި ދެއަތުން ޒާލިފު ހިފާލިއެވެ.
“ވެދާނެ ނުފެންނަތާ ގިނަ ދުވަސްވީމަކަމަށް… ދެން ތިހެން ނީނދެ ހިނގާ ތިރިއަށް… ދެ މީހުން އެކަނި މިގޮތަށް ކޮޓަރީގައި ތިބެންވެއްޖެނަމަ އެހާ ރަނގަޅެއް ނުވާނެ…” ޒާލިފު ހިނިތުންވެލިއެވެ. އެ ހިނިތުންވުން ޔަލާގެ ހިތަށް ފިނިކަމެއް ގެނެސްދިނެވެ. ހަށިގަނޑަށް ލިބެމުންދިޔަ ވޭން އެތައް ގުނައެއް ލުއިވެއްޖެ ކަހަލައެވެ.
* * * *
އިޝާ ނަމާދުން ފައިބައިގެން ކޮޓަރިން އަބްދުއްރަޢޫފު ނުކުމެގެން އައިސް ސިޓިންރޫމު ދޮރުމަތީ މަޑުކޮށްލީ ގޯތިތެރެ ފެންނާނޭ ހެނެވެ. އެގޭގެ ވަށައިގެންވާ ފެންސުވަނީ ހަދާފައެވެ. އިމްރާނުގެ އެހީގައި ރައްކާތެރި ވެސް ކޮށްފައެވެ. މިހާރު އެ ފެންސު ވައްޓާލާފައި އެ މީހުންނާ ހަމައަށް އެއްޗަކަށް އައުން ފަސޭހައެއްނުވާނެއެވެ.
“އަދިވެސް ނާދޭ ދޯ… އެހެންޏާ އިރުހުއްޓާ އަންނާނެ” ކޮޓަރިން ނުކުން އަރީޝާއަށް ދޮރުމަތީ މަޑުކޮށްލައިގެން ހުރި އަބްދުއްރަޢޫފު ފެނުމުން ބުނެލިއެވެ.
“ފޯނަށް ގުޅޭ ގޮތެއްނުވި… އެކަމަކު ހީވަނީ މިހާރު އަންނަން އުޅޭނެހެން… އަހަރެން ބުނެފައި އޮންނާނީ އިރުއޮއްސޭއިރު ގެއަށް ނާދެވިއްޖެނަމަ، އެވަގުތަކު އެ ހުރި ތަނެއްގައި މަޑުކުރާށޭ… ގެއަށް އަންނާނީ އިޝާ ނަމާދަށްފަހުއޭ… އެހެންވެހެން ހީވަނި އެ މަޑުކުރަނީ…” އަބްދުއްރަޢޫފު އެނބުރި އައިސް ސޯފާގައި އިށީނެވެ.
“ކާން ހަދަންވީތަ؟” އަރީޝާ އައިސް ސޯފާގެ ކައިރީ މަޑުކޮށްލަމުން އަހާލިއެވެ.
“އިހަށް މަޑުކޮށްލާނީ…” އަބްދުއްރަޢޫފު ބުންޏެވެ.
އަށެއް ޖެހިތަނާހެން ސިޓިންރޫމު ދޮރުން މީހަކު ވަނުމުން ސޯފާގައި ތިބެފައި އަރީޝާއާއި އަބްދުއްރަޢޫފު ބަލާލިއެވެ. އެ މީހުންނަށް ފެނުނީ ކަންބޮޑުވެފައިވާ ޒާލިފެވެ. އޮފީސް ހެދުމުގައި ހުއްޓެއްކަމަކު އޭނާ ކޮންމެވެސް ކަމަކާ ހާސްވެފައި ހުރިކަން އަބްދުއްރަޢޫފަށާއި އަރީޝާއަށް ނަގައިގަނެވުނެވެ.
“ޒާލިފު…” އަރީޝާ ގޮވާލިއެވެ.
އެއްވެސް ކަމެއް ކުރުމުގެ ކުރީން ޒާލިފު އައިގޮތަށް އައިސް ސޯފާގައި ވަކިން އިށީނދެވެން ހުރި ގޮނޑީގައި އިށީނެވެ. އަދި އަބްދުއްރަޢޫފާއި އަރީޝާއަށް ވަކިވަކިން ބަލާލިއެވެ. އެ މީހުންނަށް ހުރިހާ ކަމެއް އެނގެންވީ ވަގުތު ޖެހިއްޖެކަމުގައި ޒާލިފު ނިންމިއެވެ. އެ މީހުންނަށް ރައްކާތެރިކަން ލިބިފައިވާ ފަދައިން ޔަލާއަށް ރައްކާތެރިކަން ހޯދައިދޭން ޒާލިފު ބޭނުންވެއެވެ.
“އަހަރެން ވަރަށް ބޮޑު ވާހަކައެއް ބުނަން ބޭނުން… ޒަލަފް ހުރި ނަމަ އޭނާ އެ އަންހެންކުއްޖާއަށް އެހީވާނެ… ކޮންމެ ގޮތަކުން ވެސް އޭނާ ސަލާމަތްކުރާނެ… އެކަމަކު މިވަގުތު އެ އަންހެންކުއްޖާއަށް ރައްކާތެރިކަން ހޯދައިދޭން ޒަލަފްއެއްނެތް…” ޒާލިފު އަވަސްއަވަހަށް ބުނެލިއެވެ.
“ކޮންވާހަކައެއް ޒާލިފު ތި ދައްކަނީ…” އަބްދުއްރަޢޫފު ސުވާލުކުރިއެވެ.
“އަހަންނަށް ހީވަނީ އޭނާ އެ ބުނަނީ ޒަލަފް ގުޅެން ބޭނުންވެގެން އުޅޭ އަންހެންކުއްޖާގެ ވާހަކަހެން… އެ ކުއްޖަކީ އަހަރުމެން ކަހަލަ އިންސާނެއް…” ނޭވާ ހިފަހައްޓާލައިގެން ކަހަލަ ގޮތަކަށް އިނދެ އަރީޝާ ބުނެލިއެވެ.
“ޔަލާ… އެ އަންހެންކުއްޖާއަށް ކިޔަނީ ޔަލާ… އޭނާއަށް ޖިންނިން ގޯނާ ކުރޭ… އޭނާއަކަށް އެކަމެއް ނޭނގޭ… އަހަންނަށް ހީވަނީ އެއީ ރަޚަބްމެންގެ ފަރާތުން ޔަލާއަށް ދިމާވެގެން އުޅޭ ކަމެއްހެން… މަންމާ! އޭނާ ވަރަށް ބަލި… އޭނާ މަރުވެދާނެ… އެމީހުންނަށް މިކަހަލަ އެއްވެސް ކަމެއްގެ ހިލަމެއްނުވޭ… ޖިންނީންގެ ފަރާތުން ފޯރާ އުނދަގޫތައް އެމީހުންނަށް ދެނެގަންނަން ނޭނގިގެން އުޅެނީ އެހެންވެ… އެމީހުން ހީކުރަނީ ޑޮކްޓަރީ ފަރުވާއިން ރަނގަޅުކުރެވޭނޭ ފަދަ ބައްޔެއްކަމަށް ޔަލާއަށް ޖެހިގެން އެ އުޅެނީ… އެއަށްވުރެ ހައިރާންކުރުވަނިވި ޚަބަރަކީ… ޒަލަފް އެ ޢާއިލާއާ ބައްދަލުކުރަން ދިޔަކަން… ޔަލާއާ އިންނަން ބޭނުންވާ ކަން އެ ޢާއިލާގެ މީހުންގެ ގާތުގައި ބުނެފައިވާކަން…” ކަންބޮޑުވެފައި އިނދެ ޒާލިފު ބުންޏެވެ. އޭނާގެ ވާހަކައަޑުއަހަން ތިބެފައި އަބްދުއްރަޢޫފާއި އަރީޝާއަށް ދެ ލޯ ބޮޑުކޮށްލެވުމާއެކު އެކަކު އަނެކަކަށް ބަލާލެވުނީ ޤަބޫލުކުރާން ވެސް ދަތިވެގެންނެވެ. ފައްޗަކަށް އެތައް ސުވާލެއް ދެ މީހުން އެކުއެކީހެން ޒާލިފާ ކުރިމަތި ކުރުވިއެވެ. އެހިނދު ކަންތައް ފެށިގެން މިހާތަނަށް އައިއިރު ކަން އޮތްގޮތް ޒާލިފު އޮޅުންފިލުވައިދިނެވެ.
“ޒަލަފް ކޮބާތަ؟ އެމީހުން އެކުއްޖާ މަރާލީތަ؟ އެ ދަރިފުޅުގެ ނަސީބާ މެދު އަހަރެން ދެރަވޭ… މިހެންވާކަށް އަހަރެން ދުވަހަކުވެސް ނޭދެން… އަހަރެންގެ ޒަލަފްއަށް ވެސް އެ ކުއްޖާ ބޭނުންވާފަދަ ދިރިއުޅުމެއް ލިބުމަށް އަހަރެން އަބަދުވެސް އެދެނީ… އަހަރެންނަށް ކުރެވުނު ކުށުގެ ސަޒާ މިއަދު އެ ދަރިފުޅަށް ލިބެމުން އެ ދަނީ… އެއްވެސް ހައްޤަކާ ނުލާ…” އިންތިހާއަށް ކަންބޮޑުވެފައި އިނދެ އަރީޝާއަށް ބުނެވުނެވެ. ހިތަށް ކުރި އަސަރާއެކު ލޮލަށް ޖަމާވި ކަރުނަތައް އަރީޝާއަކަށް ނުހިފެއްޓުނެވެ. ނޭނގޭ ބިރުވެރިކަމެއް އޭނާގެ ނަފްސަށް ވެރިވެފައިވެއެވެ. ޒަލަފްގެ ޢަމަލުތައް ހުރި ހިސާބު އެނގިފައެވެ. ޔަލާގެ ޢާއިލާއަށް ހަޤީޤަތް އެނގުމުން ޒަލަފްއަށް ލިބިދާނޭ ގެއްލުމަކާ މެދު އަރީޝާގެ މުޅި ރޫހު ވެސް ތުރުތުރު އަޅަމުންދިޔައެވެ. މިހާރުއްސުރެ ވެސް އެ ދަރިފުޅު ނެތިފަނާވެގެން ހިނގައިދާނޭ ހީވަނީއެވެ.
* * * *
ކެތްތެރިކަން ކުޑަވެފައިވާ ޒަލަފްގެ ސަބަބުން ޔޫޝައުއަށް އުނދަގޫވިއެވެ. އިރުއިރުކޮޅާ ދޮރާ ދިމާއަށް ބަލާލަނީ އިމްރާނު އައިސްދާނޭ ހީވާތީކަން ޔޫޝައުއަށް އެނގެއެވެ. ޒަލަފްއާއެކު ހޭދަވެގެން ދިޔަ ދެތިން ދުވަހުގެ ތެރޭގައި ވެސް ޔޫޝައުއަށް ފާހަގަވެގެން ދިޔައީ ޒަލަފްއަކީ ބަސްމަދު ޒުވާނެއްކަމެވެ. އޭނާގެ ވާހަކަ އިމްރާނުވަނީ ޔޫޝައުއަށް ވަރަށް ރަނގަޅަށް ކިޔައިދީފައެވެ. އެހެންނަމަވެސް ޒަލަފްގެ ދުލުން ކޮންމެވެސް ކަމެއް އޮޅުން ފިލާތޯ ޔޫޝައު މަސައްކަތް ކުރިއެވެ. އޭނާ ފަތުވާދޭ މައިޒާން ދޮށަށް ޒަލަފް ހާޟިރުކުރެއެވެ. އެތަނުގައި އޭނާއާއެކު ވަގުތު ހޭދަކުރަން ޒަލަފްއަށް މަޖުބޫރުވެފައިވާ ކަހަލައެވެ. ބޭނުމަކަށްވަނީ ޒަލަފްއަށް ހެޔޮ ގޮތް ވިސްނައިދިނުމެވެ. ޒަލަފްއަކީ ސީދާ އޭނާގެ ގާތުގައި ބުނެގެން އެކަމެއް ކުރާނޭ ފަދަ ޒުވާނެއްހެން ޔޫޝައުއަށް ހީނުވަނީއެވެ. އެހެންވެ ޔޫޝައު ބޭނުންވީ ނުސީދާކޮށް މަޖުބޫރުކުރުމެއްނުވާހެން ޒަލަފްއަށް ކަންކަން ވިސްނައިދޭށެވެ. ޔަޤީނުން ވެސް އޭނާ ދީނީވާހަކަތައް ދައްކާއިރު ޒަލަފް ވެސް އަޑުއަހާކަން ޔަޤީންވެއެވެ. އަންހެނުންނަކީ ޒަލަފްގެ ބަލިކަށިކަމެއްތޯ ބެލުމަށް އޭނާ ޒަލަފް އިމްތިހާނު ކުރިއެވެ. ރީތި ޅަދޮޅު އަންހެންކުދީން އޭނާގެ ގާތަށް އެކި ޚިދުމަތުގައި ފޮނުވިއެވެ. ނަމަވެސް އޭނާ އެއިން އަންހެންކުއްޖަކަށް ކުޑަ ވެސް ޝައުގުވެރިކަމެއް ފާޅެއްނުކުރިއެވެ. އެންމެ ކުޑަމިނުން އެ ކުދީންނާ ނަޒަރު ސީދާ ކޮށްލަން ވެސް ޒަލަފް ބޭނުންނުވާ ކަހަލައެވެ.
“އިންސާނެއްދެކެ ތިވަނީ ވަރަށް މަތީ ދަރަޖައަކަށް ލޯބިވެފައިކަން އަހަންނަށް ޔަޤީން… އަހަރުމެންގެ ތެރެއިން ރަސްމަތިފުށުމުގެ ޢާއިލާ ތެރޭގައި ތިޔަ ފަދަކަމެއް ހިނގި…” ފުރަތަމަ ފަހަރަށް ޒަލަފްގެ ސަމާލުކަން ޔޫޝައުއަށް ހުއްޓުނީ ދެނެވެ.
“ރަސްމަތިފުށުގެ މީހުން ވެސް މިތަނުގައި އުޅޭތަ؟ އެކަމަކު އަހަންނަށް މިތަނުގައި ފެންނަނީ އެއްކަހަލަ ބައެއް… އެއްގޮތަކަށް ހެދުންއަޅާފައި ތިބެނީ… ކަލޭމެން އޭނާއަށް ދެން ކިހިނެއް ހެދީ… ހައްޔަރުކުރީތަ؟” ޒަލަފް އޮޅުން ފިލުވަން ބޭނުންވިއެވެ.
“އެއީ މީގެ އެތަކެއް އަހަރެއް ކުރީގައި ހިނގާފައިވާ ކަމެއް… އަހަރުމެންގެ ތެރޭގައި އެ ވާހަކަ އެނގޭ މީހުން މަދުވާނެ، ތެދަށް ބުނަންޏާ އެ ވާހަކަ ނުދައްކަނީ… އަހަރުމެންގެ ތެރޭގައި މީހުންގެ ގޯސްވާހަކަދެއްމެއް ނޯންނާނެ… ރަސްމަތިފުށުގެ މީހަކު ފެނިއްޖެނަމަ ޒަލަފްއަށް ވެސް ނޭނގިއެއްނުދާނެ… އެ މީހުން އުޅެނީ އަހަރުމެންގެ ތެރެއަކުނޫން… އަހަރުމެންގެ ރަސްކަން އެތައް ބަޔަކަށް ބެހިގެންވޭ… އަހަރުމެންގެ ހާލު ބަލާ އަހަރުމެން ތަބާވަނީ އައިޒަން ރަސްގެފާނަށް…. އޭނާއަކީ ރޫފައާއި ހައިބަތުގެ ގޮތުން އެންމެނާ ތަފާތު މީހެއް… އޯގާތެރި ރަސްކަލެއް… އެހެންނަމަވެސް އޭނާއަށް ލިބިފައިވާ އެންމެ ބޮޑު ހިތާމައަކީ އޭނާގެ ފިރިހެންދަރިފުޅު… ހުރިހާ ކަމެއް އެނގިހުރެ އިންސާނަކާއި ގުޅިގެން އުޅެން މަސައްކަތް ކުރިކަން… އެކަމުން ހިތާމައާއި ހިތްދަތިކަން ފިޔަވައި ލިބުނު އެއްޗެއްނެތް… އެ އިންސާނާ މި ދުނިޔެއާ ވަކިވެގެން ދިޔައީ ކަމުގައި ވަނީ… އަހަރުމެންނަށް ވެސް އެނގެނީ އެވަރަށް… އައިޒަން ރަސްގެފާނުގެ މީކާއިލްއަކީ ކުޅަދާނަ ޒުވާނެއް… އެކަމަކު އޭނާއަށް ކުރެވުނު އެންމެ ބޮޑު ކުށަކީ އިންސާނުންގެ ތެރެއިން ބައިވެރިއަކު ހޮވުން… ޒަލަފް… ވިސްނާލަބަލަ… ޖިންނީންނާއި އިންސާނުންނަކީ ގުޅިގެން އުޅެވޭނެބައެއްނޫން… ޤުރުޢާނުގެ އާޔަތްތަކާމެދު ވިސްނާ ފިކުރު ހިންގަބަލަ… ޖިންނީންނާއި އިންސާނުން ގުޅިގެން ދަރިފަސްކޮޅު ކުރިއަށް ގެންދިއުމެއްނުވޭ… އެފަދަ ގުޅުމަކުން ރަނގަޅު ނަތީޖާއެއް ވެސް ނުނިކުންނާނެ…”
“އޭނާ މިހާރު ކޮބާ؟ އަހަންނަށް ބައްދަލުވާނޭ ގޮތެއް ވެދާނެތަ؟” ޒަލަފް ވިސްނަން އިނދެފައި އަހާލިއެވެ.
“މީކާއިލްތަ؟ އެއީ އެކަކަށް ވެސް އެނގޭ ކަމެއްނޫން… އޭނާވީ ކޮންތާކުކަމެއް ބެލުމުގެ ކުޅަދާނަކަމެއް އަހަންނަކަށް ލިބިފައެއްނުވޭ… އަހަރެން ހަމައެކަނި މިވާހަކަ ކިޔައިމިދިނީ އެފަދަ ދެރަގޮތެއް ޒަލަފްއަށް މެދުވެރިވެދާނޭތީވެ… ލޯބިވުމަކީ ކުށެކޭ އަހަރެން ނުބުނަން… އެކަމަކު ކުށަކަށް އެކަންވަނީ ކަނޑައެޅިފައިވާ އިމުން ބޭރުވުމުން… ދެރަގޮތެއް މެދުވެރިނުވަނީސް ތިޔަ ނިދިން ހޭލާ… ޒަލަފްއަށް އަދިވެސް ތި އުޅެވެނީ އަނދިރިކަމުގެތެރޭގައި… އަލިކަމުގެތެރެއަށް ނުކުންނަން މަސައްކަތްކުރޭ… އަމާންކަމާއި ރައްކާތެރިކަން ލިބޭނީ އޭރުން….” ދަރިއަކުގެ ގައިގާ ފިރުމާލާ އުސޫލުން ޒަލަފްގެ ކޮނޑުގައި ޔޫޝައު ފިރުމާލިއެވެ.
އިމްރާނު ދިޔަތާ ފަސްވަނައަށްވީ ދުވަހު އިރުއޮއްސެންވާއިރަށް އޭނާ އެނބުރިއައެވެ. ހާސްވެފައި ހުރެއެވެ. ފުރަތަމަ ވެސް ބައްދަލުކުރީ ޔޫޝައުއާއެވެ. އޭގެ ފަހުގައި ރޭގަނޑުގެ ކެއުމަށް އެންމެން އިންސާފުކުރީ ޔޫޝައުމެން ގޭގައެވެ. ކެއުމަށްފަހު ތިން މީހުން ނުކުމެގެން އައިސް ވަނީ ޒަލަފް ހުރުމަށް އިމްރާނު ހަމަޖައްސާފައި ހުރި ގެއަށެވެ. ދޮރުތައް ލައްޕާލުމާއެކު ދިމާއެނދުގައި ޔޫޝައުއާއި އިމްރާނު އިށީނެވެ. އެއްފަރާތުގައި ވާފުރާފައި ހުރި ކުޑަގޮނޑިއެއް ގެނެސް އެ މީހުންގެ ކުރިމަތީ ބަހައްޓަމުން އޭގައި ޒަލަފް އިށީނެވެ.
“ރަޚަބްމެން މުޅި ރަށުތެރެއަށް އަރައިގެން އުޅެނީ… އެ މީހުން ކޮންމެ ގޮތަކުން ވެސް ޒަލަފް ގެންދަން ބޭނުންވޭ… އަބްދުއްރަޢޫފުމެންގެ ގާތަށް ދިއުން ފަސްކުރާން އަހަންނަށް ފެންނަނީ” އިމްރާނަށް ޖުމްލަ ފުރިހަމަކުރެވުނުތަނާ ޒަލަފް ފުންމައިގެން ތެދުވިއެވެ.
“އަހަންނަށް ވަރިހަމަ ކޮންމެ ގޮތެއްވިޔަސް… ފަހަށް މަޑުކުރާކަށް އަހަރެން ބޭނުމެއްނޫން… އެމީހުން އަހަރެން ހޯދުން ހުއްޓައެއްނުލާނެ… އެއަށްވުރެ ހުރިހާ ކަމެއް އެއްފަހަރުން ނިންމާލަން ބޭނުންވަނީ…” ނުރުހިފައި ޒަލަފް ބުނެލިއެވެ. އިމްރާނު ގާތަށް ރުޅިއަންނަ ގޮތްވިއެވެ. އެހެންނަމަވެސް ޔޫޝައު އޭނާގެ އަތުގައި ހިފާލުމުން ބުނަން އުޅުނު އެއްޗެއް ނުބުނެ އިމްރާނު ހުއްޓާލިއެވެ.
“މުޅިއަކުން ދޮގެއް ނޫންކަންނޭނގެ ޒަލަފް އެ ބުނަނީ… އެމީހުންނަށް ޒަލަފް ނުފެންނަހާ ހިނދަކު އޭނާ ހޯދުން ހުއްޓައެއްނުލާނެ… އޭނާގެ މައިންބަފައިން ގާތަށް ގެންގޮސްފައި ވީހާ ވެސް އަވަހަކަށް އޭނާ އެނބުރި މިކޮޅަށް ގެނައުން އޮތީ… އޭރުން ޒަލަފްއަށާއި އޭނާގެ ޢާއިލާއަށް ވެސް ރައްކާތެރިކަން ލިބޭނީ… ހަމަގައިމު ވެސް އަހަރުމެންގެ ތެރޭގައި ޒަލަފް ހުރެ ދާނެއެކޭ ކުޑަކޮށް ވެސް އެ މީހުން ހިޔެއްނުކުރާނެ، އަނެއްކޮޅުން އަހަރުމެންނާ ދިމާކުރާކަށް ނުކެރޭނެ… އެ މީހުންގެ ޖަމާޢަތް ކިތަންމެ ބޮޑަކަސް އަހަރުމެންނަށްވުރެ ބާރުގެ ގޮތުން ނިކަމެތިވާނެ…” ޔޫޝައުގެ ޚިޔާލާ ދެކޮޅަށް ޒަލަފް އެއްޗެއް ނުބުންޏެވެ. މިވަގުތު އޭނާ ބޭނުންވަނީ ކޮންމެ ގޮތަކުން ވެސް އެނބުރި ރަށަށް ދާށެވެ. އަބްދުއްރަޢޫފު ހުރެއްޖެނަމަ ޢާއިލާ ރައްކާތެރިކުރާނޭ މަގެއް ފެނިދާނެއެވެ. އެހެންނަމަވެސް ޔަލާއަކަށް އެފަދަ މަގެއް ނުފެންނާނޭކަން ޒަލަފްއަށް އެނގެއެވެ. އޭނާ ކެތްތެރިކަން ކުޑަވެފައިވަނީ އެހެންވެއެވެ. ޔަލާއާއި އޭނާގެ ބަނޑުގައިވާ ދަރިފުޅަށް ވާނޭ ގޮތެއް ނޭނގޭތީއެވެ.
ޔޫޝައުއާ އިމްރާނު އެއްބަސްވިއެވެ. ރޭގަނޑުގެ އަނދިރިކަމުގައި ފޮރުވިގެން ދިއުމަށް އިމްރާނު އެދުނެވެ. އެގޮތުން ހަމަ އެރޭ ޒަލަފް ގޮވައިގެން އިމްރާނު ދަތުރުކުރިއެވެ. ވައިގެތެރޭ ވިލާތައް ކަފަމުންނެވެ. އަބްދުއްރަޢޫފުމެން އުޅޭ ގެ ޒަލަފްއަށް ފެނުނީ މަތީގައި ހުރެފައި ތިރިބަލާލުމުންނެވެ. އިރުކޮޅަކު ވައިގެތެރޭފައި އޭނާގެ އަތުގައި ހިފަހައްޓައިގެން އިމްރާނު ހުރުމަށްފަހު ތިރިކޮށްލީ ކަނޑައިގެން ދިޔަ ވިދުވަރެއް ފަދައިންނެވެ. ޒަލަފްގެ ލޮލަށް ވެސް އެހާ އަވަސް މަންޒަރެއް ފެނުމުގެ ކުޅަދާނަކަމެއް ނުވެއެވެ. ގޯތިތެރޭގައި ހުރި އަބްދުއްރާޢޫފަށް ޒަލަފް ފެނުނީ އިރުކޮޅެއް ފަހުންނެވެ. އިމްރާނު ފައުޅުވުމާއެކުއެވެ. ނަމަވެސް އޭނާގެ މޫނުމަތީގައިވަނީ މާޔޫސްކަމުގެ އަސަރުތަކެވެ.
“އަހަރެން ރަށުތެރެ ބަލަމުން މި ދަނީ… އެއްގޮތަކަށް ވެސް އެ މީހުންނާ ކުރިމަތިލުމެއް ހިނގާކަށް ބޭނުމެއްނޫން… އަހަރެން ވެސް މިހިރީ އަހަރެންގެ އަމިއްލަ ޖާނާއިގެން އައިސް… މާގިނަ ވަގުތެއް ދެވޭކަށްނެތް… ފަތިސް ނަމާދުގެ ވަގުތުގައި އަހަރެން މި ބިމުން ދާނަން… އެހާއިރަށް އަހަރެން އަންނާނަން ޒަލަފް ބަލާ… އޭނާއާ ވަކިވާން ތައްޔާރުވޭ… އެ ފުރުޞަތު ދޭން އަހަރެން އޭނާ މި ގެނައީ” އިމްރާނު ބުންޏެވެ. ޒަލަފްއަށް އަވަސް ނަޒަރެއް ދީފައި އަބްދުއްރަޢޫފު ބޯޖަހާލީ އިމްރާނަށެވެ. އެއާއެކު އިމްރާނު އެންމެންގެ ލޯ މަތިން ޣައިބުވެއްޖެއެވެ. މިނިވަންކަމުގެ އިހުސާސްއާއެކު ފިނިނޭވައެއް ޒަލަފް ދޫކޮށްލިއެވެ.
އަބްދުއްރަޢޫފާއެކު ގޭތެރެއަށް ވަދެގެން އައި ޒަލަފް ހުރީ ހިމޭންކަން ޚިޔާރުކޮށްގެންނެވެ. އެކަކާ ވެސް ވާހަކައެއް ނުދައްކައެވެ. އިސްވެ ހަރަކާތެއް ވެސް ކޮށްނުލައެވެ. އިށީނީ ވެސް ސޯފާއާ ދިމާއަށް އަބްދުއްރަޢޫފު އިޝާރާތްކޮށް އިށީންނާށޭ ބުނީމައެވެ.
“އިންސާނުންގެ ތެރޭގައި ދިރިއުޅެވިދާނޭކަމަށް ޒަލަފް ހީކުރަނީތަ؟ އެއީ ދުވަހަކު ވެސް ވާނޭ ކަމެއްނޫން… އަދި މިހާތަނަށް ވެފައި އޮތް ކަމެއް ވެސް ނޫން… އިންސާނެއްގެ ކައިވެންޏަށް އަހަން އޭނާގެ ޢާއިލާގެ ގާތަށް އިންސާނެއްގެ ސިފަ ޖެހިގެން ދިއުމަކީ ވެސް ކުރެވޭ ބޮޑު ފާފައެއް…” އަބަދުއްރަޢޫފުގެ އަޑުގައިވާ ނުރުހުމަށްވުރެ އޭނާ ދައްކަމުން ދިޔަ ވާހަކައަކުން ޒަލަފް ހައިރާންވިއެވެ. އެހެންނަމަވެސް އޭނާގެ ހައިރާންކަމުގެ ބެލުން އަބްދުއްރަޢޫފާ ނިކަން އަވަހަށް ވަކިކޮށްލާ އިސްޖަހާލީ އިމްރާނަށް ހުރިހާ ކަމެއް އެނގޭތީ އޭނާ އަބްދުއްރަޢޫފަށް ޒަލަފް ކުރި ކަންތައްތައް ކިޔައިދިނީ އޭ ހިތާއެވެ. ކުރިން ވެސް އިމްރާނު އޮތީ ޔަލާއާއި ޒަލަފްގެ ދެމެދުގައި އޮތް ގުޅުމުގެ ވާހަކަ އަބްދުއްރަޢޫފަށް ކިޔައިދީފަކަން ޒަލަފް ދެނެހުއްޓެވެ.
“އަނގައިން ނުބުނެ ޒަލަފް އިންނަންވީ ވަގުތެއް ނޫން މީ” އަބްދުއްރަޢޫފު ތަންކޮޅެއް ހަރުކަށިވެލިއެވެ. އެ މަންޒަރު ބަލަން ހުރި އަރީޝާއަށް އެގޮތެއް ކަމަކު ނުދިޔައެވެ. އަވަސް އަވަހަށް އައިސް ދަރިފުޅު ޒަލަފްގެ ގާތުގައި އިށީނެވެ. އެ ދަރިފުޅުގެ ކޮނޑުގައި ފިރުމަމުން ލޯތްބާއި އޯގާތެރިކަމާއެކު ވާހަކަދައްކަން ފެށިއެވެ.
“ޒަލަފް…ދަރިފުޅާ… އިންސާނުންނަށް ދަރިފުޅުގެ ގޮތެއް ނޭނގޭނެ… އެ ނޭނގުމުގެ ތެރޭގައި ދަރިފުޅަށް އެމީހުން ކޮށްފާނެ އަނިޔާއަކާ މެދު މަންމަ ބިރުގަނޭ… ތިކަން ހުއްޓާލާ… ދަރިފުޅަށް ޔަލާއާ އިނދެގެނެއް ނޫޅެވޭނެ… އެންމެ ފަހަރަކު ވެސް މަންމަ ދައްކާ ވާހަކަ އަޑުއަހާބަލަ… އޭތް! ޒާލް… ބަލާބަލަ މަންމައަށް… ކިހިނެއްވެފައިތަ ތި އިންނަނީ” ޒަލަފްގެ ކޮނޑުގައި ހިފައި ތަޅުވައިގަންނަން އަރީޝާ މަސައްކަތްކުރިއެވެ.
“އަހަންނާ މެދު މަންމަމެން ނުވިސްނާ…. އިމްރާނު އައީމަ އަހަރެން އެނބުރި އޭނާއާއެކު ހިނގައިދާނަން…. މީ އަހަންނަށް ލިބޭނެ އެންމެ ފަހު ވަގުތުކޮޅު… އަހަރެން ބޭނުންވަނީ މިގޭގައި އަހަރެންގެ ކޮޓަރީގައި ވަގުތު ކޮޅެއް ހޭދަކުރަން…” އިސްޖަހާލައިގެން އިނދެ މަޑުމަޑުން ޒަލަފް ބުންޏެވެ. އެހިނދު ކަންބޮޑުވުމުގެ ނަޒަރެއް އަބްދުއްރަޢޫފާއި އަރީޝާ، އެކަކު އަނެކަކާ ބަދަލުކޮށްލިއެވެ.
ބުނާނެ އެއްޗެއް ނޭނގިފައި އެންމެން ތިއްބާ ޒަލަފް ތެދުވެގެން އޭނާގެ ކޮޓަރިއަށް ގޮސް ވަނެވެ. އެހިނދު އަރީޝާއާއި އަބްދުއްރަޢޫފަށް ޒާލިފު އަތުން އިޝާރާތްކޮށްލީ މަޑުކުރުމަށެވެ.
“އަހަރެން ޒަލަފްއާ ވާހަކަދައްކާނަން” އެންމެ ތުއްތު އިރުން ފެށިގެން ވެސް ޒަލަފްގެ ގޮތް އެންމެ ރަނގަޅަށް އެނގޭ މީހަކީ ޒާލިފަށްވެފައި އޭނާގެ ކަންކަން ޚިއްޞާ ކުރާ މީހަކީ ވެސް އެއީ ކަމަށްވާތީ އެކަމާ އަބްދުއްރަޢޫފާއި އަރީޝާ ވެސް ރުހި ޤަބޫލުވިއެވެ. ހާސްވެފައި ހުރި އަބްދުއްރަޢޫފު އައިސް ސޯފާގައި އަރީޝާގެ ގާތުގައި އިށީނެވެ. ޒާލިފު އައިސް ސިޑިން މައްޗަށް އަރަންފެށީ ޒަލަފްގެ ކޮޓަރިއަށް ދިއުމަށެވެ.
“ޒަލަފް… ޒަލަފް…” ދެފަހަރަކު ޒަލަފްއަށް ގޮވާލުމުން ވެސް ޖަވާބެއް ނުދިނުމުން ޒާލިފު އެ ކޮޓަރީގެ ދޮރު ހުޅުވާލުމަށް ތަޅުގައި ހިފާ އަނބުރާލިއެވެ. އެއާއެކު ދޮރު ހުޅުވިގެން ދިޔައެވެ. އޭނާ އަވަސް އަވަހަށް އެތެރެއަށް ވަނެވެ. އޭރު ކުރެހުމަކަށް ބަލަހައްޓައިގެން ޒަލަފް ހުއްޓެވެ.
“އަހަރެން ޔަލާދެކެ ވަރަށް ލޯބިވޭ… ދުވަހަކު ވެސް ޔަލާ ނޫން މީހެއްދެކެ ލޯތްބެއް ނުވެވޭނެ… އޭނާއާ ވަކިވާށޭ އެންމެން ބުނާއިރު އެއީ އަހަންނަށް ކުރާން ކިހާ އުނދަގޫކަމެއްކަން އެކަކަށް ވެސް ނުވިސްނޭ…” އަތުގައިވާ ކުރެހުމަށް ބަލަން ހުރެ ޒަލަފް ވާހަކަދެއްކިއިރު އޭނާގެ ދެ ލޮލުން ކަރުނައިގެ އަސަރު ފައުޅުވަމުންދިޔައެވެ. މަޑުމަޑުން ޒާލިފު އައިސް ޒަލަފްގެ ފަހަތުން ހުއްޓިލާ އޭނާގެ ކޮނޑުގައި އެއްއަތް ބާއްވާލުމާއެކު ޒަލަފްގެ އަތުގައިވާ ކުރެހުމަށް ބަލާލިއެވެ. ފެންގަނޑުގެތެރެއަށް ވެއްޓިފައިވާ އަންހެންކުއްޖަކީ ޔަލާއެވެ. އެ ކުރެހުން ކިތަންމެ ފަހަރަކު ޒާލިފު ދުށްޓެވެ. ޒަލަފްގެ އަތުގައިވާ ކުރެހުން އޭނާ މޭގައި ޖައްސާ ބާރުކޮށްލިއެވެ. އަދި އަނެއްކާ ވެސް ބަލާލިއެވެ. އެއަށްފަހު އެއްފަރާތުގައި ފާރުކައިރީ އަތުގައި އޮތް ކުރެހުން ބަހައްޓާފައި އައިސް އެނދުގައި ބަންޑުން އޮށޯތެވެ.
“ޒަލަފް… މަންމަމެން އެ ހުރިހާ ވާހަކައެއް އެ ދައްކަނީ ޒަލަފް އެކަނި ސަލާމަތްކުރާކަށްނޫން… ޔަލާއަށް ވެސް ރަނގަޅަކަށް އެ މީހުން އެ ބުނަނީ އޭނާއާ ޒަލަފް ދުރުވާށޭ… ޒަލަފް ނެތް ދުވަސްތަކުގައި ކަންތައް ހިނގަމުން އައި ގޮތެއް ނޭނގޭނެ… އަހަރެން ކިޔައިދޭންތަ؟ ޔަލާގެ ހާލު އެނގެން ބޭނުންތަ؟” ޒާލިފުގެ ވާހަކަ އިވިފައި ޒަލަފް ކުއްލިއަކަށް ތެދުވެ އެނދުގައި އިށީނެވެ. އަދި ޒާލިފުގެ މޫނަށް ބަލަމުން ދިޔައީ އޭނާ އެ ހަދަނީ ތެދުތޯ ޔަޤީންކުރާން ބޭނުންވެފައި އިން ހެނެވެ.
“ކިހިނެއް ޒާލިފަށް އެނގެނީ ޔަލާގެ ޚަބަރެއް” އެތައް ސުވާލަކަށް ޖަވާބު ބޭނުންވެފައި ހުއްޓެއްކަމަކު މިވަގުތަށް އެންމެ މުހިންމުހެން ހީވި ސުވާލު ޒަލަފް ކުރިއެވެ.
“ޒަލަފް ކީއްވެތަ އެ މީހުން ކައިރީ ނުބުނީ އަހަރެންގެ ވާހަކަ… ޒަލަފްއާ އެއްސިފައެއް ލިބިފައިވާ ކޮއްކޮއަކު ހުރިކަން ނުބުނީ ކީއްވެތަ؟ އެކަން އެއްފަހަރު ވެސް އެމީހުންނަށް އެނގިފައި އޮތްނަމަ އަހަންނަށް ޔަލާއާ ބައްދަލެއްނުވީސް…” ޒާލިފު ކަންތައް ވީގޮތް ތަފްޞީލުކޮށް ޒަލަފްއަށް ކިޔައިދިނެވެ. އެ ވާހަކަތައް އަޑުއަހަން އުނދަގޫވެގެން އިންތަނުން ޒަލަފް ތެދުވެ ކޮޓަރިތެރޭ ދެކޮޅަށް ހިނގަންފެށިއެވެ.
“ކީއްވެ އެހެންވާންވީ… ކީއްވެ ޔަލާއާ ދިމާކުރަންވީ…” ހާސްވެ ކަންބޮޑުވެފައި ހުރެ ޒަލަފްއަށް ބުނެލެވުނެވެ. އަދި ކަނާތުން ބޮލުގެ ފުއްކިބައިގައި ނިކަން އަވަސްއަވަހަށް އަތްހާކާލެވުނެވެ. މިހާރު މިވަގުތު ވެސް ޔަލާގެ ގާތަށް އޭނާ ދާން ބޭނުމެވެ. އެހެންނަމަވެސް އެގެއިން ނުކުތުން ފަސޭހަނުވާނޭތީވެ ރަނގަޅު ދަނޑިވަޅަކަށް ޒަލަފް ބަލަން ޖެހެއެވެ. އޭނާ ހުރީ އެވަރު ވިސްނައިގެންނެވެ. އިމްރާނު އޭނާ ބަލާ އަންނަންދެން ވިސްނާ ފިކުރު ކުރީ ޔަލާގެ ގާތަށް ދިއުމަށް ރާވާނޭ ރޭވުމަކާ މެދުއެވެ.
“ބެހެމަތްނޫން މީހަކު އެކަމެއް ނުކުރާނެ… ބެހެމަތް!… ކަލެއާ ކުރިމަތިލާން އަހަރެން ދާނަން…” ރުޅިއަށް ވުރެ ޔަލާގެ ހާލާމެދު ބިރުގެންފައި ހުރި ޒަލަފް ހިތާ ހިތުން ބުނެލިއެވެ.
“ޒަލަފް… އަހަންނަށް އެނގޭ ޔަލާ ވަރަށް ލޯބިވާކަން ޒަލަފްދެކެ… ޤައިމުވެސް އޭނާއަށް އަހަރެން މީ ޒަލަފް ނޫންހެން ހީވާނީ އޭނާއަށް ޒަލަފް ވަރަށް ރަނގަޅަށް އެނގޭތީ… އަހަންނަށް އެނގޭ ތި ދެ މީހުން ވަރަށް ގާތްކަން ވެސް… ޔަލާ ހީވަނީ ފާޑަކަށް މޮޔަވެފައި ހުރިހެން… އޭނާއަށް އެ ލިބެނީ ހައްޤުނޫން އަނިޔާއެއް… އެންމެ ކުޑަމިނުން އޭނާއަށް ބުނާކަށް ނޭނގޭ އެ ދިމާވާ ހުރިހާ ކަމަކީ ޖިންނިންގެ ސަބަބުން އޭނާއަށް ކުރިމަތިވާ ކަމެއްކަން… މިއަދު ޔަލާ ފެންނަނީ ދިރުމެއްނުވާ ނިކަމެތި އަންހެންކުއްޖެއް ފަދައިން… އާރެއްބާރެއްނެތި އަމިއްލަ ހާލާ މެދު މޮޔަވާން ކައިރިވެފައި އިން ބަލިމީހެއް ފަދަ” ޒާލިފު ހުރިހާ ވާހަކައެއް ދައްކަމުން ދިޔައީ ޒަލަފްގެ ނިންމުން ބަދަލު ކުރުމަށެވެ. ޔަލާއަށް ޓަކައެވެ. އޭނާގެ ރައްކާތެރިކަން ހޯދަން ބޭނުންވެފައި ހުރި ލެއް ބޮޑުކަމުންނެވެ. އެހެންނަމަވެސް ޒަލަފް އަނގަޔަކުން ނުބުންޏެވެ. އާންމުކޮށް ޒަލަފް އިންނަ ކުޑޮދުރުކައިރީ ހުރި ގޮނޑީގެ ތެރެއަށް ހަށިގަނޑު ދޫކޮށްލައިގެން އޭނާ އިނީ ދެ ލޯ މަރާލައިގެންނެވެ. އަމިއްލަ ހިތާއި ނަފްސަށް ކުރަމުންދާ އިހުސާސްތައް ފޮރުވަން މަސައްކަތް ކުރި ނަމަވެސް އެ ދެލޮލުގެ ހިމަކޮޅުން ރޮނގު ހަދާލާފައި ހިފެހެއްޓުމެއްނެތި ކަރުނަ ފައިބަމުންދިޔައެވެ. އެންމެފަހުން ކުޅަދާނަނުވެގެން މޫނާ ދިމާލުން އަތް ހުރަސްކޮށްލަމުން މޫނު ނިވާކޮށްލައިގެން އިނެވެ.
“އަހަންނަށް އެނގޭ އެފަދަ ބޮޑު އަނިޔާއެއް ޔަލާއަށް ލިބޭކަށް ޒަލަފް ވެސް ނޭދޭނެކަން… ލޯބިވާ މީހުންނަށް އަނިޔާވެރިވުމެއްނުވޭ… ލޯބީގައި އޮތީ އަނެކާގެ އުފަލަށްޓަކައި ޤުރުބާންވުން…” ޒާލިފުގެ ވާހަކަތަކުން ޒަލަފްގެ ހިތުގައި ވޭން އަޅަމުންދިޔައެވެ. ފުޅިތޮށިތަކެއްގައި ތެރޭގައި އެ ހިތް މޮޑެވި ލޭކޮށިވެގެން ދާ ފަދައެވެ. ހިފެހެއްޓުމެއްނެތި ދެ ލޮލުން ފައިބަމުން ދިޔައީ އެކަމުގެ ލޭ ކަރުނައެވެ. މިއަދު ދުވަހަކު ވެސް ބަލިކަށިނުވާ ވަރަށް އޭނާގެ ހިތް ބަލިކަށި އެއްޗެއް ކަމުގައި ވެއްޖެއެވެ. ބޭރަށް އަޑު ނުނިކުތް ކަމުގައި ވިޔަސް ދެ ތުންފަތް ތެޅިލާ ކޮންމެ ފަހަރަކު އެ ދެ ތުންފަތުން ޔަލާގެ ނަން ކިޔާލައެވެ.
ޒާލިފުގެ ވާހަކައަށް އެއްވެސް ޖަވާބެއް ޒަލަފް ނުދިނުމުން އޭނާ އެތައް ނަޞޭޙަތެއް ޒަލަފްއަށް ދިނުމަށްފަހު އެ ކޮޓަރިން ނުކުތެވެ. ދޮރުލެއްޕުނު އަޑާއެކު ހިތުގައި ފުންވެގެންދިޔަ ހިތްދަތިކަމުގެ އުދާހުން ޒަލަފްގެ އަނގައިން އާހުގެ އަޑު ނުކުމެގެން ދިޔައެވެ. ގިސްލެވި ހިތްރޮމުން ދިޔައިރު ވަށައިގެންވާ ކޮންމެ އެއްޗެއްގެ އެ ހިތްދަތިކަމުގައި ބައިވެރިވަމުން ދިޔަ ކަހަލައެވެ.
“ޔަލާ… އަހަރެންގެ ޔަލާ… އަހަރުމެންގެ ދަރިފުޅު…. މަގޭ ޔަލާ….” ހުއްޓަ ހުއްޓާފައި ޒަލަފް ވާހަކަދެއްކިއިރު އޭނާ ބުނަން ބޭނުންވެގެން އުޅެނީ ކީކޭކަމެއް ނޭނގެއެވެ. ދެއަތުން މޫނުގައި ހިފާ ދެ ފަރާތަށް ބޯހޫރުވަން ފެށިއެވެ.
“ކީކޭ ބުނީ…” ޒާލިފު ފެނުމާއެކު އަބްދުއްރަޢޫފު ސުވާލުކުރިއެވެ. އެއާއެކު ޒާލިފު ވެސް އައިސް އަބްދުއްރަޢޫމެންނާ ކުރިމަތިވާނޭހެން ހުރި ގޮނޑީގައި އިށީނދެއްޖެއެވެ.
“ވަކި އެއްޗެއް ނުބުނޭ… ރޮނީ… ޒަލަފް އެވަނީ ވަރަށް ބޮޑަށް މާޔޫސްވެފައި… މަންމާ… ޒަލަފް އަހަރުމެންނަކަށް ދެން ދުވަހަކު ވެސް ނުފެންނާނެތަ؟ އެއްކޮށް އަހަރުމެންނާ ވަކިވަނީތަ؟” ޒާލިފު ވެސް އިނީ މާޔޫސްވެފައެވެ. އެތައް އަހަރަކަށްފަހު ޒަލަފްއަށް މިނިވަންކަމުގެ އިހުސާސް ކުރެވުނުއިރު އޭނާގެ އެ މިނިވަންކަން މިއަދު އެވަނި އޭނާއަށް އޮތް އެންމެ ބޮޑު ހަތުރަށް ވެފައެވެ.
“ބައްޕަ ވެސް ބޭނުމެއްނުވޭ ޒަލަފްއަށް އެހެން ހަދާކަށް… މިހާ ދުވަހު ގާތުގައި ގެންގުޅުނު ހެން ދެން ގެންގުޅެވޭކަށްނެތް… ޒަލަފްގެ ބައްޕަ… ދަރިފުޅުމެންގެ ބައްޕަ ބޭނުންވަނީ ކޮންމެ ގޮތަކުން ވެސް ޒަލަފް ހައްޔަރުކޮށްގެން އެ މީހުންގެތެރެއަށް އޭނާ ގެންދަން… އަދި އެމީހުން ބޭނުންވާ ކަންތައްތައް ޒަލަފް ލައްވާ ކުރުވަން… މިހާރު ޒަލަފް ދާން އެ އުޅެނީ އޭނާއަށް ވެސް ރައްކާތެރިކަމާއި މިނިވަންކަން ލިބޭނޭ ބައެއްގެ ތެރެއަށް… އަހަރުމެން މުސްލިމުންގެ ދިރިއުޅުން އުޅޭ ބައެއްގެ ތެރެއަށް… އެކަމުން ޒަލަފްއަށް ކުރާނީ ފައިދާ… ދެރަވޭ ދަރިއެއްހެން ބަލާ ބޮޑުކޮށްފައި މުޅި އުމުރަށް ގެއްލެން އުޅޭތީ… އެކަމަކު އެ ނޫންގޮތެއް ހަމަ ނެތް… އަރީޝާއާއި ޒާލިފު ވެސް ޒަލަފްއާއެކު ހޭދަކުރެވެން އޮތް ވަގުތެއްވިއްޔާ މިހާރު ހޭދަކުރަންވީ… ދެން މި ފުރުޞަތު ދުވަހަކު ވެސް ނުލިބޭނެ…” އަބްދުއްރަޢޫފުގެ ވާހަކަ ނިމުމާއެކު އަރީޝައަށް ރޮވިއްޖެއެވެ.
“ރަޚަބްގެ ނުބައިކަމުން ދުވަހަކުން ވެސް މިންޖުވުމެއްނެތް… އަމިއްލަ ދަރިފުޅުގެ ދިރިއުޅުން ވެސް އެ ހަލާކުކޮށްލަނީ…” ރޮމުން ރޮމުން އަރީޝާ ބުންޏެވެ.
ފަތިސް ނަމާދަށް ތެދުވަން ޖެހޭނޭތީވެ އަބްދުއްރަޢޫފާއި އަރީޝާ ވެސް ކޮޓަރިއަށް ވަނީ ކުޑަކޮށް ނިދާލާފައި ތެދުވާށެވެ. ޒާލިފު އެތައް އިރަކު ޒަލަފްގެ ކޮޓަރީގައި އިނެވެ. ބޭބެއާ ވަކިވާންޖެހޭތީ އޭނާ ވެސް މިއަދު ހިތާމަކުރެއެވެ. އެހެންވެ އެންމެ ފަހު ވަގުތުގައި ވެސް ޒަލަފްއާއެއްކޮށް ހުރިހާ ވަގުތެއް ހޭދަކުރާން ބޭނުންވެ އެ ކޮޓަރިން ނުނިކުންނަން ޒާލިފު އިނެވެ. ޒަލަފްގެ އެނދުގައި ހުރަހަށް ޖައްސާލައިގެން ޒާލިފު އޮތް އިރު ޒަލަފް އިނީ ކުރިން ވެސް އޭނާ އިން ގޮނޑީގައެވެ. ނަމަވެސް މިހާރު އޭނާ ނުރޮއެވެ. އިނީ ދެލޯ މަރާލައިގެންނެވެ. ނިދިފައި އިނިއްޔޭ ހީވެފައި ޒާލިފު އޮތީ ޒަލަފްއަށް ބަލާށެވެ. ހިމޭންކަމުގެ ތެރެއިން ފުންނިންޖެއް ޒާލިފުގެ އެސްފިޔަތައް ބަރުކުރަންފެށިއެވެ. މަޑުމަޑުން މެރެމުން ގޮސް އެ ދެ ލޯ މެރި ނިދީގެ ކަނޑުގެ ތެރެއަށް ޒާލިފުގެ ރޫހު ފީނައިގަނެއްޖެއެވެ. ޒަލަފް ބަލަމުން އައި ދަނޑިވަޅަކީ އެއީއެވެ. މުޅިގެ ހިމޭންވެއްޖެއެވެ. ގޮނޑިން ތެދުވެގެން އައިސް އެނދު ހުރަހަށް އޮތް ޒާލިފުގެ އެލިފައި އޮތް ނަގައި އެދަށް އަރުވާލުމާއެކު ރީތިކޮށް އެނދުގެ ދިގަށް އޭނާ ބޭއްވިއެވެ. އަދި ފައިލާ ކޮޅުގައި އޮތް ރަޖާގަނޑު ނަގާ ޒާލިފުގެ ގައިގާ އަޅާލިއެވެ.
“ޔަލާ ފިޔަވާ އަހަރެން ދެން އެންމެ ލޯބިވާ މީހަކީތީ… އަހަންނަށް މާފުކުރޭ ޒާލިފު… ތިޔަ ސިފައަކީ ޒާލިފުގެ ހައްޤެއް… އެ ހައްޤަށް އަހަންނަށް އަރައިގަނެވުނީ ނޭނގުމުގެ ތެރޭ… އަހަންނަށް ޒާލިފާ މެދު ބޭއިންސާފުވެވިފައިވާނަމަ އެކަމަށް ވެސް މާފުކޮށްދީ… ދެން ނޭނގެ ދުވަހަކު ވެސް ބައްދަލުވާނޭކަމެއް… މިއަދުން ފެށިގެން ޒާލިފުގެ ތި ސޫރައަކީ ޒާލިފުގެ އަމިއްލަ އެއްޗެއް ކަމުގައި ހީކުރޭ… ހިތްހެޔޮކުރާތި…” ލޯތްބާއިއެކު ޒާލިފުގެ ނިތްކުރީގައި ފިރުމާލާފައި ޒަލަފް އެނބުރިލިއެވެ. އަދި ހަލުވިކަމާއެކު ކުޑަދޮރުން ނުކުމެ ގޭގެ ފުރާޅުމައްޗަށް އެރިއެވެ. އަބްދުއްރަޢޫފަކީ ނުވިސްނޭ މީހެއްނޫނެވެ. ފެންސު މެދުވެރިކޮށް ގޭޓު ހިފަހައްޓާފައި ހުންނާނީ ފަންޑިތައިގެ ބާރުންކަން ޒަލަފްއަށް އެނގެއެވެ.
ދެފަޔަށް ލެވުނުހާ ބާރެއްލާފައި ޒަލަފް މައްޗަށް ފުންމައިގަތެވެ. އެއާއެކު ފަތުއަޑުކިޔާލާފައި އަރައިގެން ދިޔަ ރޮކެޓެކޭ އެއްގޮތެވެ. ވައިކަފަމުން މައްޗަށް އަރައިގެން ޒަލަފް ދިޔައިރު އޭނާއަށް ވެސް އުދުހެވެނީއޭ ހީވާ ކަހަލައެވެ. ނަމަވެސް ގިނައިރެއްނުވެ ބިމަށް ވެއްޓެންދާ އުސޫލުން ތިރިއަށް ދާންފެށިއެވެ. ޒަލަފްއަކަށް ނުއުދުހެވެއެވެ. އޭނާގެ ބާރުގައި ގޭގެ ފުރާޅުގައި ހުރެފައި ފުންމައިގަތީއެވެ. އޭނާގެ ދެފައި އައިސް ބިމުގައި ޖެހުނީ ގޭގެ ފެންސާއި އެތައްތަނެއް ދުރުގައެވެ. ކުޑަވެސް ހައިރާތެއް އަބްދުއްރަޢޫފުކޮށްފައި ހުރި ކަމަކުން ނުވެއެވެ. ކުރިއަށްވުރެ ބިރުކުޑަވެފައި ޒަލަފްގެ އަޒުމް ވަރުގަދައެވެ.
ރަށުތެރެއަށްވަނީ އާދަޔާ ޚިލާފު ހިމޭންކަމެއް ވެރިފައެވެ. މަގުތަކުގައި ފިޔަޖަހާ ހޮޅިބުރިތައް ގިނައެވެ. ފިލައިގެން ވަގެއްހެން ޒަލަފް އައިސް ޔަލާމެންގޭ މަގަށް އަޅާލިއިރު ކަމަކުދާކަށް ނެތެވެ. ޔަލާމެންގޭގެ ވަށައިގެން އެތަން މިތަނުގައި އެކިވައްތަރުގެ މަޚުލޫޤުން މަޖާ ނަގަނީއެވެ. ހީވަނީ ކޮންމެވެސް ކަމަކަށް ބޭނުންވެ އެމީހެއްގެ ފުރުޞަތު ޖެހެންދެން މަޑުކޮށްލައިގެން ތިބި ހެނެވެ. އެއްފަރާތެއްގައި ތަންކޮޅެއް ދުރުގައި ޒަލަފް މަޑުކޮށްލައިގެން މިވާ ގޮތެއް ބަލަން ހުއްޓެވެ. ކުއްލިއަކަށް ގޮސް އެ މީހުންގެ ތެރެއަށް ވަނުމަކީ ބުއްދިވެރި ގޮތެއް ކަމުގައި ނުފެންނާތީއެވެ.
“އެ މީހުން ފާރައެލަނި ޔަލާ ނިދާކޮޓަރިއަށް… ނޫން! ފާރަލަނީކީނޫން… އެ ކޮޓަރިއަށް ވަދެފައި އެ ނިކުންނަނީ… މާތްކަލާކޯ…” ދެ ލޯ ބޮޑުވެ ޒަލަފްގެ ނަފްސު ތެޅިގަތެވެ. ކުޑަހިނދުކޮޅަކަށް ވިޔަސް އޭނާގެ ހަމަބުއްދި ފިލައިހިނގައްޖެއެވެ. ޒާލިފު ދެއްކި ވާހަކަތައް ސިކުނޑިއަށް ވަދެގެންދިޔައެވެ. ވައިސޫރިއެއްހެން އެ އައިގޮތަށް އައިސް ޒަލަފްއަށް އެކަނި ފެންނަ މަޚުލޫޤުންތައް ފަރާތަށް ކޮށްޕާލުމާއެކު ޔަލާގެ ކޮޓަރިއަށް ޒަލަފް ވަނެވެ. ލަމުންދިޔަ ނޭވާ ހުއްޓުނީ އެހިނދުއެވެ. މަރުވެފައިވާ މަސްގަނޑެއްހެން ޔަލާ ހަރަކާތްހުއްޓިފައި އޮތް އިރު ޝައިތާނަކު ހަތަރުމޮއްގަނޑުގައި އޮވެ ޔަލާގެ ހަށިގަނޑުން އުފާ ހޯދަނީއެވެ. އޭނާގެ ނަޖިސް ބޮޑު ދުލުން ދޭތެރެއަކުން ޔަލާގެ ކޯތާފަތުގައި ބޮނޑިއެއް އަޅައެވެ. ހަމައެހިނދު ކޮޓަރީގެ ކަނަކަށް އަރާ އިން ބެހެމަތް ފެނުނެވެ.
“އޭތް! ޝައިތާނާ… މަގޭ އަތުން ކަލޭ މަރުވާނެ…” ތުރުތުރުއަޅައިގެން ދިޔަ ޒަލަފް އަޑުގެ ނެތްތަނަށް ހަޅޭލަވައިގަތެވެ. ފާރު ވެސް ގުގުމައިގެން ދިޔައެވެ. އެ ކޮޓަރިތެރެ ހީވަނީ ނަޖިސްގަނޑެއްހެންނެވެ. ޒަލަފްގެ އަޑަށް ބެހެމަތް ވެސް ސިހުނެވެ. އޭނާ ހުށިޔާރުވެލިތަނާ ފެނުނީ ޒަލަފްގެ ސިފަ ބަދަލުވެގެންދިޔަ ތަނެވެ. ދުވަހަކު ވެސް ޒަލަފް އޭނާ ހުންނަ ސިފަ ނޫން އެހެން ސިފައެއްނުޖެހެއެވެ. އެހެންނަމަވެސް ކަޅު އެންދެރިގަނޑެއްކަހަލަ މީހަކަށް ބަދަލުވެގެންދިޔައިރު އެ ދެލޮލުން ރަތްކުލައިގެ ކަނި ބުރާލަ ބުރާލާ ހުރި ކަހަލައެވެ. ޔަލާގެ ގައިމަތީ އޮތް އެތީގެ ލަފުގައިހިފާ ބިމަށްޖެހުމާއެކު އެ ސޮރު ނުބައި ހަޅޭކެއް ލަވައިގަތެވެ. ދިގުވެފައިހުރި ތޫނު އިނގިލިތަކުން އޭތީގެ ކުރިމަތިފަރާތް ޒަލަފް އުފުރާލައިފިއެވެ. އެހިނދު މަ މަރައިފިއޭ ކިޔާ އޭތި ހަޅޭލަވައިގަތެވެ. އެއާއެކު ބޭރުގައި ތިބި ޖިންނިތައް ވެސް އެ ކޮޓަރިއަށް ވަދެއްޖެއެވެ. އެމީހުންނަށް ލިބުނު ހައިރާންކަމާއި ބިރުވެރިކަމުގައި ބައެއް އެއްޗެހި ފިލާ ރައްކާވެއްޖެއެވެ. އެތަނުގައި ހުރި ބެހެމަތް ވެސް ހުރީ ދުވަހަކު ވެސް ނުސިހޭވަރަށް ސިހިފައެވެ. އޭނާ ބަލަބަލާ ހުއްޓާ ޒަލަފްގެ ފައިބުޑަށް ވެއްޓިފައި އޮތް ޖިންނީގެ ހަތަރެސްފައި ވަކޮށްލައި އެ ކޮޓަރިން ބޭރަށް އެއްލާލިއެވެ. އެވަރުން ނުފުދިގެން ކަނދުރާއާ ބޯ ވަކިކޮށްލިއެވެ. އެއްއަތުން ހަށިގަނޑު އަނެއްއަތުން ބޯ ހިފަހައްޓައިގެން ހުރެ އެންމެނަށް ދައްކާލިއެވެ.
“އެ އިންސާނާއާ ގާތްވި ކޮންމެ މީހެއްގެ ނިމުން މީ…” ރުޅިވެރިކަމާއެކު ޒަލަފް ބުނެލިއިރު އެ އަޑު ވެސް މުޅިން ބަދަލުވެއްޖެއެވެ. ނޭވާލާއިރު ނޭފަތުން ދުން އަރާހެން ވެސް ހީވެއެވެ.
“ކަލޭމެން ތި ތިބެނީ ކީއްވެފަތަ… އޭނާ ހިފަހައްޓާ…” ޖެހިލުންވެފައި ހުރެ ބެހެމަތް ބުނެލިއެވެ. އެއާއެކު ބާރުގަދަ ދެތިން ޖިންނި ނުކުމެ ޒަލަފްއާ ކުރިމަތިލިއެވެ.
“ބެހެމަތް މީ ކަލޭގެ އެންމެފަހު ވަގުތު…” ރުޅިވެރިކަމުން ފުރިގެންވި ރަތް ދެ ލޮލުން ޒަލަފް ބަލާލިއެވެ. އެއާއެކު ބެހެމަތްއަށް ހާސްކަން ލިބިގެންދިޔައެވެ. އެހެން ޖިންނިތައް ޒަލަފްއާ ދިމާކުރި ވަގުތު ބެހެމަތް އޭނާއަށް ލިބިފައިވާ ހުރިހާ ބާރަކާއެކު އެނދުގައި އޮތް ޔަލާ ގެންދިޔައެވެ. އެންމެންގެ ތެރޭގައި ބަނދެވެމުންދިޔަ ޒަލަފްއަށް މި މަންޒަރު ފެނުމާއެކު އޭނާ ބާރު ހަޅޭކަކުން ހަޅޭލަވައިގަތެވެ. ހޮނުގުގުރިއަކަށްވުރެ ވެސް ފަޒާގެ ތެރޭގައި އެ އަޑު ބާރުވެގެންދިޔައެވެ. ކޮންޓްރޯލުން ނައްޓާފައި ހުރި މީހަކު ފަދައިން ޒަލަފްގެ އަތުގައި އެ ތަނުގައި ތިބި މަޚުލޫގުން ގައިން ޖެހުނުތަނެއް އިރަމުން ދިޔައިރު މުޅި މީހާ ހީވަނީ ކަޅުތެޔޮގަނޑަކަށް އެރިފައި ހުރިހެނެވެ. ޒަލަފްގެ ބާރު ފެނި އެތަނުން ފިލަން ޖިންނިތައް މަސައްކަތް ކުރަމުންދިޔައެވެ. އެންމެފަހުން އެންމެ ގަދައަށް ޒަލަފްއަށް ދިމާކުރި ޖިންނި ހިފެހެއްޓުމާއެކު އޭނާ އާދޭސްކުރާން ފެށިއެވެ. އޭރު އެހެން ހުރިހާ އެއްޗެއް އެތަނުން ރައްކާވެއްޖެއެވެ. ޒަލަފްގެ ކިބައިން މާފަދަ އެދި އޭނާ ދޫކޮށްލުމަށް އެދި އާދޭސްކުރަމުންދިޔައިރު އެތަނުގައި ކަންތައް ހިނގަމުންދާ ގޮތް އެ ސޮރު ޒަލަފްއަށް ކިޔައިދިނެވެ. އޭނާގެ ކުށެއްނެތްކަން ސާބިތު ކުރާން އޭނާ ވާހަކަދެއްކިއެވެ. ބެހެމަތް އެހެން ޖިންނީންނަށް ދަޢުވަތު ދީގެން ގެނެސް ޔަލާއަށް ޖިންސީ އުނދަގޫކުރަނީކަން އެނގުނު ހިނދު ޒަލަފް ހުރީ ބެހެމަތްގެ ފުރާނައަށް ފެންބޮވައިގަނެފައެވެ. މާފުދިނުމެއް މިއަދު އޭނާ ނުދަނެއެވެ. އަނިޔާވެރިކަމާއި ނުބައިކަން ފިޔަވާ އޭނާ އެނގެންބޭނުންވާ ކަމެއް ވެސް ނެތެވެ. ބުއްދިވަނީ ގޯސްވެ އަތްނުފޯރާ ހިސާބުގައެވެ. ބެހެމަތް ހިންގި ނުބައި ޖަރީމާގެ ސަބަބުން އޭނާގެ ޠާހިރު ލޯބި މުޅިން ކިލަނބުކޮށްލައިފިއެވެ. ދުވަހަކު ވެސް ތިމާއަށް ލިބިފައިވާކަން ނޭނގޭ އެތައް ބާރެއް ޒަލަފްގެ ނަފުސު ހިޞާރުކުރިއެވެ. ބެހެމަތް ހުރި ތަނެއް ހޯދުން އޭނާއަށް އުނދަގޫ ކަމަކަށް ނުވިއެވެ. ހަތަރެސްފައި ޖަހައިގެން ދިޔަ އެއްޗެއްހެން ޒަލަފް ހީވިއެވެ. ހަލުވިކަމުގައި އެވަރެއްނެތެވެ. އަތިރިމަތީގައި ހުރި ރުކަކަށް ޒަލަފް ބަލާލިއެވެ.
“ވައްޓާލާނީ…” ބެހެމަތް ގޮވާލިއެވެ. އޭރު އޭނާ އިނީ ރުކުގެ ކުރިއަށް އަރައެވެ. އެއްއަތުން ޔަލާގެ ހަށިގަނޑު އެލިފައި އޮތެވެ.
“ވައްޓާލަބަލަ ކަލެއަށް ކެރެންޏާ” ޒަލަފް ވާހަކަދެއްކީ ސީދާ ބެހެމަތްމެންގެ ބަހުރުވައިންނެވެ. މިހެން ވެދާނެއެކޭ ބެހެމަތް ކުޑަކޮށް ވެސް ހިޔެއްނުކުރެއެވެ. ޒަލަފްގެ އަނދިރިފަރާތް މިހާރު އޭނާއަށް ފެންނަމުންދާއިރު އެ ސިފަ ދެކެ ޚުދު އޭނާ ވެސް ބިރުގަނެއްޖެއެވެ. ކުއްލިއަކަށް ޔަލާ ކޮނޑަށް ލައިގެން ހަލުވިކަމާއެކު އެކޮޅުކޮޅުން އޮވެ ރުކުން ބެހެމަތް ފޭބިއެވެ. ޒަލަފްއާ ދުރުގައި އޭނާގެ އައްޑަނައަކަށް ޔަލާ ދިއްކޮށްގެން ހުއްޓެވެ. އޭރު ޒަލަފްގެ ދެ ލޮލުން ހިފެހެއްޓުމެއްނެތި ކަރުނު އޮހެމުންދިޔައެވެ. ރަތްކުލައި ދެ ލޮލުން މުތީގެ އާރެއް ފައިބަމުންދާ ފަދައެވެ.
ކޮޅަށް ހުންނާނޭ ވަރެއް ޔަލާގެ ދެފައިގައި ނެތި ތުރުތުރު އަޅަމުން ދިޔައެވެ. ދެފައި ދޭތެރެއިން ރޮނގުހަދާފައި ފައިވާ ލެއިން ފަސްގަނޑު ރަތްކުރަމުންދިޔައެވެ. އެ ދަރަޖައަށް ޔަލާއަށް އަނިޔާ ލިބިފައިވާތަން ބެލުމަކީ ޒަލަފްއަށް ކެތްވާވަރު ކަމެއްނޫނެވެ.
“ޒާ… ޒާލް…” ވައިރޯޅިއާއެކުވެގެން އައިސް ޒަލަފްގެ ކަންފަތުގައި ޖެހުނީ ޔަލާގެ ހިކިފައިވާ ދެ ތުންފަތުން ނުކުން ވައިއަޑެވެ. އެހެންނަމަވެސް ޒަލަފްގެ ކަންފަތަށް އެ އަޑު ސާފުކޮށް އިވުނެވެ. ނޭވާލާ ގޮތުން ޔަލާ ހީވަނީ އޭނާގެ އެންމެ ފަހު ނޭވާލާން މަސައްކަތް ކުރަނީހެންނެވެ.
“ބެހެމަތް… ކަލެއަށް ދުވަހަކު މާފުކުރުމެއްނުވޭ… ކަލޭހާ އަނިޔާވެރި މީހަކު އަހަރެން ނުދެކެން… ކަލޭގެ ވަސްވެސް އަހަރެން ފުހެލާނަން… ފިލަން ދުވަންޏާ މިހާރު ދުވޭ…” ހިތްދަތިކަމާއި ނަފުރަތުން ފުރެންގި ނުބައި އަޑަކުން ޒަލަފް ބުނެލިއެވެ.
“އަހަންނަށް މިހެން ކަންތައްކުރަން މަޖުބޫރުކުރުވީ ޒަލަފް… ކީއްވެ އޭނާއާ ގާތްވީ… ކީއްވެ އޭނާއަށް ދަރިއަކު ދިނީ… އެކުއްޖާ އުފަންވިޔަ ނުދޭނަން… އަހަންނާ ކައިރިއަށް އެންމެ ފިޔަވަޅެއް އެޅިޔަސް މި އިންސާނާގެ ފުރާނަ ދަމައިގަންނާނަން…” ބިރުގަނެ ޖެހިލުންވެފައި ހުއްޓެއްކަމަކު ބެހެމަތް ގޮތްދޫނުކުރާ ގޮތް ދެއްކިއެވެ. ހަޤީޤަތުގައި ފިލަންދާނޭ ދިމާއެއް އޭނާއަކަށް ނެތެވެ. އެހާ ދުރަށް އައީމާ ވެސް ކުޑަ ސިކުންތުކޮޅެއް ތެރޭ ޒަލަފް އޭނާ ހޯދައިފިއެވެ.
“ކަލޭ ތިވަރު ކުރާއިރު ވެސް އޭނާގެ ފުރާނަ ގެންދެވުނުތަ؟ އަދިވެސް އަހަންނަށް އޭނާގެ ބަނޑުގައިވާ އަހަރެންގެ ދަރީގެ އިހުސާސް ކުރެވޭ… އެކުއްޖާއަށް ކަމެއްކުރެވުނުތަ… ޔަލާގެ ފުރާނަ ކަލޭގެ އަތުން ހިނގައްޖެނަމަ ކަލެއާ ހިސާބުން އަހަރެން ނިންމާލާނެހެން ހީވޭތަ… ކަލޭގެ މުޅި ޢާއިލާގެ ދުވަސްވެސް އަހަރެން ދުއްވާލާނަން… އަހަރެން ނުބުނަންތަ ޔަލާއާ ކަލޭ ގާތް ނުވައްޗޭ…”
“ޔަލާ… ޔަލާ… ޔަލާ… މި އިންސާނާ ޒަލަފްއަށް ކޮށްދިނީ ކޮންކަމެއްތަ؟ އޭނާގެ ހަށިގަނޑުގައި އެކުއްޖާ ބަލާނެހާ ވަރެއްނެތް…”
“އެއީ ކަލެއާ ބެހޭކަމެއްނޫން… ބެހަމަތްއަކަށް ޒަލަފްއެއް ނުލިބޭނެ ދުވަހަކު ވެސް…” ކުއްލިއަކަށް ޒަލަފް މިހެންބުނެ ގެނައި ހަރަކާތެއް ބެހެމަތްއަށް ނުވެސް ފެނުނެވެ. އެހެންނަމަވެސް ކޯތާފަތް ކައިރިން އިހުސާސެއް ކުރެވިގެންދިޔައެވެ. ލުއިފަތެއް ވަޔާއެކު ކޯތާފަތުގައި ބީހިލާފައި ދިޔަ ފަދަ އިހުސާސެކެވެ. ޔަލާގެ ގައިގާ ހިފަހައްޓާފައި ހުރި އަތްނޫން އަނެއްއަތުން ކޯތަފަތުގައި އަތްޖައްސާލި ހިނދު އޭނާގެ މޫނުވަނީ ކަފާލާފައެވެ. ދެ ލޯ ބޮޑުވެފައި ހުރެ ޒަލަފްއަށް ބެހެމަތް ބަލާލިއެވެ. އެހިނދު ޒަލަފް ފެށީ ނުބައި ގޮތަކަށް ހޭށެވެ. ބެހެމަތް ވެސް މަޑަކުން ނުހުއްޓެވެ. އޭނާ ޔަލާގެ ކަރުގައި ހިފާ އުފުލާލުމާއެކު ޔަލާގެ ރަހިމުގެ ތެރެއަށް އަތްކޮށްޕާލާފައި ނަގައި ޒަލަފްއަށް ދައްކާލިއެވެ. އެހިނދު ފަޒާގައި ޔަލާގެ ވޭނުގެ އަޑު ގުގުމައިގެން ދިޔައެވެ.
“މިއޮތީ ކަލޭ މި އިންސާނަށް ދިން ދަރި…” ރުޅިވެރިކަމާއެކު ބެހެމަތް ބުނެލިއެވެ.
ބެހެމަތްގެ އަތްތިލަ އޮތީ ލޭގަނޑެއްހެންނެވެ. އޭރު އުޅަންބޮށި ކޮޅުން ހުއްޓުމެއްނެތި ލޭތިކި ޖަހަމުންދިޔައެވެ. ޔަލާ ކޮޅަށް ހުރީ ވެސް ބެހެމަތު އޭނާގެ ކަރުގައި ހިފާފައި ހުރި ބާރުގެ މައްޗަށް ބުރަވެއެވެ. އެ ހަށިގަނޑުގައި އެއްވެސް ދިރުމެއްނެތް ފަދައެވެ. ދެ ލޯ ބޮޑުވެ ބަސްހުއްޓިފައި ޒަލަފް ހުރިއިރު އޭނާގެ ނަޒަރު ހުރީ ބެހެމަތްގެ އަތަށް ހުއްޓިފައެވެ. ޤަބޫލުނުކުރެވިފައެވެ. ޒަލަފްގެ ހިތުގައި އޮތް ރަޙުމުގެ ޒައްރެއްގެ މިންވަރު ވެސް ފުހެވިގެން ދިޔައީ އެހިނދުއެވެ. ހުރިހާ ކަމެއްގެ މަތިން ހަނދާންނެތި ބުއްދިފިލާ ހިނގައްޖެއެވެ. ބިރުވެރި އަޑަކުން ޒަލަފް ހަޅަވައިގަތީ ހިތާއި ސިކުނޑިއަށް ކެތްނުވެގެންނެވެ. އެންމެހާ އިހުސާސްތައް ބަންޑުންވަމުންދިޔައިރު އެ ދެ ލޮލުން ކަރުނަ ފައުޅުވެއްޖެއެވެ. އިހުނަށްވުރެ ބިރުވެރި ބަރު އަޑަކުން ބެހެމަތްއަށް ގޮވާލިއެވެ. މުޅި މާޙައުލު ވެސް ބަދަލުވެގެން ހިނގައްޖެއެވެ. ބޮޑެތި ދިގު ރުއްތަކާއި ގަސްތައް ބިރުވެރިކަމުން ރޫރޫއަޅާން ފެށި ކަހަލައެވެ. އަތިރިމައްޗަށް ބީއްސާލާ ރާޅު ބޮޑެތިވެފައި އަރައިގަންނަ ފޮނުތައް ގިނައެވެ. މުޅި ހިސާބުގައި ފަރުހަކި ވަސް ހިފާލިއެވެ. ހަމައެއާއެކު ރެދަން ކެނޑެން ފެށިއެވެ. ބެހެމަތްއާ ދިމާއަށް ޒަލަފް އަންނަނީ ކަން ޔަޤީންވުމާއެކު އޭނާ ޔަލާ ފޮޅުވާލިއެވެ. އެހިނދު ހަލުވިކޮށް އައި ޒަލަފްގެ އެއްއަތުން ޔަލާގެ އުނަގަނޑުގައި ހިފާ ހިފަހައްޓާލިއެވެ. އޭރު ވެސް އޭނާގެ ނަޒަރު ބެހެމަތްއާ ވަތްކެއްނުވެއެވެ. އަވަސް ހަރަކާތާއެކު ހުރި ދިމާ ތިރީގައި ޔަލާ ބާއްވާލިއެވެ.
“މި ވެސް ލިބޭނެ ކަމަށް ހީކުރަނީތަ؟ ދުނިޔެއިން ވެސް ފޮހެލާނަން…” ބެހެމަތް މިހެންބުނެ ހީނގަތުމާއެކު އަތުގައި އޮތް ޔަލާގެ ރަހިމުން ދަމައިގަން މަސްކޮޅު އަގަޔަށްލާ އިރާލައިފިއެވެ. ޒަލަފްގެ ކެތްތެރިކަން އޭނާ އިމްތިހާނު ކުރަމުންދިޔައީ ލިބިދާނޭ ގެއްލުމާއި އަމިއްލަ ނަފްސައް ނުރައްކާވެފައިވާ ވަރު އެނގި ހުރެއެވެ. ނޫނީ ދެން ޒަލަފްގެ އަތްދަށުން އޭނާ ސަލާމަތް ނުވާނޭކަން ބެހެމަތްއަށް ޔަޤީންވަނީ ކަންނޭނގެއެވެ.
ދުނިޔެއަށް އުފަންވުމުގެ ކުރިން ކުޑަކުޑަ މަސްކޮޅެއްގެ ސިފައިގައިވި ޒަލަފްގެ ދަރިފުޅު އޮތީ ބެހެމަތްގެ އަތްތިލައިގެ އިނގިލިތަކުގެ ތެރޭގައި ފިތިފައެވެ. އެ މަސްކޮޅުގައި އެއްވެސް ދިރުމެއްނެތެވެ. އެހާލުގައި ވެސް އެއިން އޭނާ ދޫނުކޮށް އެ ކައި ހުސްކޮށްލާތަން ބަލަން ޒަލަފްއަށް ކެތެއްނުވިއެވެ. އައި ބާރު މިނުގައި ހިޔަންޏެއް ފަދައިން ހުރެ ގެއްލިފައި ފެނުނު ވަގުތާއި ބެހެމަތްގެ މެޔަށް ޒަލަފްގެ ހަމަލާ އެރިވަގުތާވީ އެއްވަގުތަކަށެވެ. ބެހެމަތް ދިޔައީ ސިއްސައިގެން ނަމަވެސް އޭނާއަށް ކަމެއްކުރާނޭ ވަގުތެއް ނުލިބުނެވެ. ވަގުތުން ބެހެމަތްގެ އަނގައިން ހޯސްލާފައި ދިޔަތަކެއް ފައިބައިގަތެވެ. ފިއްލެޔޮވަސް ފަދަ ވަހެއް ދުވައިގެން ދިޔައެވެ. ފަރުވާލެއްނެތް ޒަލަފް ހުރިތަނަށް ތިރާވެފައި އިން ބެހެމަތްގެ ކަރުގައި ހިފާ ނެގިއެވެ. އޭނާގެ އިނގިލިތަކުގެ ތޫނު ވަކި ކަރުގެ ތެރެއަށް ވަދެގެންދާ ކަމުގެ އިހުސާސް ބެހެމަތްއަށް ކުރެވެމުންދިޔައިރު ނޭވާލާން އުނދަގޫވެފައި ވެއެވެ. ރަތްއަނގުރު ގަނޑެއްފަދައިން ދިއްލިފައި ހުރި ދެ ލޮލުން ބެހެމަތްއަށް ބަލަންހުރެ އޭނާގެ މޭފަޅާ އެތެރެއަށް ޒަލަފް އަތްކޮށްޕާލިއެވެ. އަދި މޭކަށިގަނޑުގެ ފަހަރަކު ކަށިގަނޑެއް ބިންދަމުންދިޔައެވެ. ކޮންމެ ކަށިގަނޑެއް ބިދިގެންދާއިރު ބެހެމަތްގެ ވޭނުންފުރިގެންވި ހަޅޭކުން މުޅި މާޙައުލު ހަލަބޮލިވެގެންދެއެވެ. ބެހެމަތްގެ ގައިން ލޭ އޮހޮރެން ފެށީ ދެނެވެ. އޭރު އޭނާއަށް ރޮވެން ވެސް ރޮވިއްޖެއެވެ. ޒަލަފްގެ މޫނުފެނި ދުވަހަކު ވެސް ބިރުނުގަންނަ ވަރަށް ބެހެމަތް ބިރުގެންފައި ވެއެވެ. ލެއިންކަޅިވެފައި އޮތް ބެހެމަތްގެ އަތް ނެގުމާއެކު އެ އަތް އޭނާއަށް ޒަލަފް ދައްކާލިއެވެ.
“މިއަތުން ކަލޭ މަގޭ ދަރިފުޅު މަރާލީ…”
“ނޫން….ޒަލަފް… ނޫން…” ބެހެމަތް ރޮއިގަތެވެ. އެހެންނަމަވެސް ޒަލަފްގެ ހިތަށް އެއްވެސް އެއްޗެއް ނޭރިއެވެ. އޭނާ ބެހެމަތްއަށް އަނިޔާ ކުރަމުންދިޔައީ އޭނާގެ ފުރާނަ އެއްފަހަރުން ދުއްވާލަން ބޭނުންނުވެ ހުރެއެވެ. ޔަލާއަށް ލިބިފައިވާ އަނިޔާއާއި ޒަލަފްގެ ހިތަށް ލިބުނު އަނިޔާއާ ގާތް ވެސް ނުކުރެވެއެވެ. އެހެންނަމަވެސް ޒަލަފް އެންމެ ނުބައި ގޮތުގައި ބެހެމަތްއަށް އަނިޔާ ދިނެވެ. އިނގިލިތައް ވަކިވަކިން އުފުރިއެވެ. ކޮންމެ ހުޅަކުން ބިންދާލިއެވެ. ބެހެމަތްއަށް ތަދު އިހުސާސްވާތީ ރޮއެ ހޭރޭއަޑުފަށްގަނޑު މެދުކެނޑުމެއްނެތި އިވިއިވި ހުއްޓެވެ.
އިނގިއްޖެއްޔާ ހިސާބު ވެސް ހަރަކާތްނުކުރެވިފައި އޮތް ޔަލާގެ ހޭ ހުރީ ކިރިޔާއެވެ. ލެއްޕިލާފައި ހުޅުވޭ އެސްފިޔަތަކުގެ ދޭތެރެއިން ޔަލާއަށް ކަޅު ބޮޑު ހިޔަންޏެއް ބެހެމަތްއާ ކުރިމަތިލާތަން ފެނެއެވެ. އެ ބޮޑު ކަޅު ހިޔަންޏަކީ ޒަލަފްކަން ހަމައެކަނި ޔަލާއަށް އިހުސާސް ކުރެވެނީއެވެ. ސިފައެއް ނުކުރެވުނެވެ. ރަތްކުލައިގެ “ރޫބީ”އެއް ފަދައިން ވިދަމުންދާ ދެ ލޯ ފިޔަވާ ޒަލަފްގެ އެއްވެސް ޚިޔާލެއް ސިކުނޑިއަށް ނުގެނެވުނެވެ. އެ ޚިޔާލުތަކުން އިތުރަށް ޔަލާ ވަރުބަލި ކުރުވިއެވެ. މާޙައުލުގެ ހަލަބޮލިކަމުގެ ތެރެއިން ބެހެމަތްގެ ހަޅޭކުގެ އަޑުން ޔަލާގެ ހިތުގައި ބިރުވެރިކަން އުފެދި ހަށިގަނޑުގައިވާ ލޯލިތައް ވެސް އެއަޑަށް ކޮޅަށް ޖެހިދެއެވެ. ކުއްލިއަކަށް ދުރުގައި ހުރި ކަޅު ބޮޑު ހިޔަނި އެނބުރި ޔަލާއަށް ބަހެމަތް ދައްކާލުމަށް އުފުލާލި ހިނދު ބިރުން ފިލަން ޔަލާ ބޭނުންވިއެވެ.
ޢާއިލާ މީހުންގެ އިހުސާސް ބެހެމަތްއަށް ކުރެވިގެން ދިޔައިރު އޭނާގެ ފުރާނަ ހަމައެކަނި ނުދާކަމެވެ. ލިބިފައިވާ އަނިޔާއިން އޭނާގެ ހަށިގަނޑެކޭ ބޭނުންނެތް އެއްޗެކޭ އެއްވަރުވެއްޖެއެވެ. ރޮއެރޮއެ އޮތް އިރު ޒަލަފްގެ އަތުން އެފަދަ ރަހުމެއްނެތް ގޮތަކަށް މަރުވެ ހިނގައިދާނޭ ކުޑަކޮށް ވެސް ހީއެއްނުކުރެއެވެ. ޔަލާގެ ގާތުން ހިބި ބަދަލުގެ އަގު ބެހެމަތްގެ ފުރާނައިން ޒަލަފް ހިފާނެކަން ބެހެމަތްއަށް ޔަޤީންވެއްޖެއެވެ. މިހާރު އޭނާގެ ކުރިމަތީގައި ހުރީ ޒަލަފް ކަމާމެދު ވެސް ބެހެމަތްއަށް ޝައްކެވެ. މެރިފައިވާ ދެ ލޯ ބެހެމަތް ހުޅުވާލުމާއެކު ޒަލަފްއަށް ބަލާލީ އޭނާ ބާރަށް ހޭންފެށުމުންނެވެ.
“އެމީހުން އެ އަންނަނީ ކަލޭ ސަލާމަތްކުރާން… އެ އިން ކޮންމެ މީހެއްގެ ފުރާނަ މިއަދު އަހަރެން ޖަހައިގަންނާނަން… އެ އިން ކޮންމެ މީހަކަށް އަނިޔާވެރި ނިމުމެއް ގެންނާނަން… އަހަރެން ފެންވަރާނީ ވެސް ކަލޭމެންގެ ލެއިން…” ޒަލަފް ހެނީއެވެ. ހީވަނީ ނުބައިކަމާއި އަނިޔާވެރިކަން ހައްދުފަހަނަ އަޅާފައިވާ ޝައިތާނެއް ހެންނެވެ.
“މި އަނގައިން ކަލޭގެ ވިހަ ބަސްތައް ނެރުނީ… މި އަނގައިން ކަލޭ އަހަރެންގެ ނިކަމެތިކަން ހާމަކުރީ… ކަލެއަށް ގެއްލުމެއްލިބުމެއްނުވާ ބަޔަކަށް ގެއްލުންދޭން އެންގީ ވެސް ހަމަ މި އަނގައިން… އަހަރެންގެ އުފަންނުވާ ދަރިފުޅު ކާލީ ވެސް މި ނަޖިސް އަނގައިން….”
“ޒަ…ލަ…ފް….” ކުއްލިއަކަށް ބާރު އަޑުފަށްގަނޑަކާއެކު މެލްފަސްގެ ހަޅޭކުގެ އަޑުއިވުނެވެ. އޭނާގެ މޫނުމަތިން ޖެހިލުންވުން ފައުޅުވަމުންދިޔައެވެ.
“ބެހެމަތްއަށް ގޮތެއް ހަދާފައި ހުރެވޭނެކަމަށް ހީކުރަނީތަ… ހަމަ މިހާރު އޭނާ ދޫކޮށްލާ…” މެލްފަސް އަނެއްކާ ވެސް ހަޅައިލަވައިގަތެވެ. ޒަރަސްއާއި ރަޚަބް ކުއްލިއަކަށް މެލްފަސްގެ ގައިގާ ހިފެހެއްޓިއެވެ. އެ މީހުންގެ މޫނު މަތިން ވެސް އިންތިހާ ދަރަޖައިގެ ކަންބޮޑުވުން ފައުޅުވަމުންދިޔައެވެ. ޒަލަފްއަށް އައިސްފައި ހުރި ބަދަލު ފެނި ޤަބޫލުކުރާން އެމީހުންނަށް ވެސް ދަތިވީއެވެ. ޒަލަފް ފެށީ ހޭށެވެ. އެ ހުނުމުގައި މަލާމާތް އެކުލެވިފައިވާ ކަހަލައެވެ.
“އެއީ ކޮން އިންސާނެއް… މިތަނުގައި އޭނާ ކީއް އެކުރަނީ…” ރަޚަބް ސުވާލުކުރިއެވެ. އެހިނދު އެންމެ ފަހު ފަހަރަށް ބަލާލާ ފަދަ ގޮތަކަށް ބެހެމަތް އޭނާގެ ނަޒަރު މެލްފަސްއަށް ހުއްޓާލިއެވެ. ކުޑަކުޑަ ހިނދުކޮޅެއްގެ ތެރޭގައި ބެހެމަތްގެ ކަރަށް ޒަލަފް ބާރުކޮށްލިއެވެ.
“ކަލޭ އެ މީހުންނާ ވާހަކަދައްކަން އަހަރެން ހުއްދަދިނިންތަ؟” ރުޅިއައިސް ރަތްވެފައި ހުރެ ޒަލަފް ބުނެލިއެވެ. އޭނާއަށް ބެހެމަތްއާއި މެލްފަސް ސިއްރު ވާހަކައެއް ބަދަލުކުރިކަން އެނގުނީއެވެ. އެކަން ޒަލަފްއަށް އެނގުމުން މެލްފަސް ހައިރާންވިއެވެ. އެހާ ވެސް ޒަލަފް ހުށިޔާރުކަން މެލްފަސްއަށް ދެނެގަންނާކަށް އިތުރު ހެއްކެއް ބޭނުމެއްނުވިއެވެ. ރަޚަބްއާއި ޒަރަށް އޭނާ އެ ހިފަހައްޓަނީ ކުއްލިއަކަށް ޒަލަފްއާ ކުރިމަތިލައިފިނަމަ ވެދާނެ ގޮތެއް ނޭނގޭތީއެވެ. ޒަލަފްގެ ފުރިހަމަ ބާރަކީ ކޮބައިކަން އެތަނުން އެކަކަށް ވެސް ޔަޤީންކޮށް ބުނާކަށް ނޭނގެއެވެ.
“އެއީ އޭނާގެ އިންސިއެއް… އަހަރެންގެ ބެހެމަތްގެ ބަދަލުގައި އޭނާ ޚިޔާރުކުރީ އިންސާނެއް…” ދަރިފުޅާ މެދު ހިތްބިރުގެންފައި ހުރި މެލްފަސް ބުނެލިއެވެ. އެއާއެކު ރަޚަބްއާއި ޒަރަސްއަށް ވެސް ވެގެން އުޅޭ ގޮތް އެނގިއްޖެއެވެ.
“އޭތް! ބަލާލިޔަސް ދެ ލޯ ކޮނެލާނަން… މަ މިހިރީ މިތަނުގައޭ… އޭނާއާ ދިމާއަށް ކަލޭމެން އެކަކު ދިޔަޔަސް ނިމުނީ” ޒަލަފްގެ ރުޅިވެރިކަމުން ފުރިފައިވާ ދެ ލޯ އިހުނަށްވުރެ ބޮޑުވިހެން ހީވިއެވެ.
“ބަދަލަށް ބަދަލުހިފަނީ މި… ގެއްލުނު ފުރާނައަށް ފުރާނައެއް އަހަރެން މިގެންދަނީ…” ޒަލަފް މިހެން ބުނުމާއެކު ބެހެމަތް ހަޅޭލަވަލަވާ އޮއްވާ އަނގައިގެ މަތީބައިގައާއި ތިރީބައިގައި ހިފައި ބެހެމަތްގެ އަނގަ ޒަލަފް އިރާލިއެވެ. އެ މަންޒަރު ބަލަން ހުރި މެލްފަސްއަށް ބާރަށް ރޮއެގަނެވުނެވެ. ބެހެމަތްގެ އަނގައިގެ ތިރީބައިން އިރައިގެން ދިޔަ ހިސާބުން ބޯ ވަކިވެގެން ދިއުމާއެކު ޒަލަފްގެ އަތުގައި ބެހެމަތްގެ ބޯ އޮވެފައި ހަށިގަނޑު ހަރަކާތް ކެނޑިގެން ބިންމައްޗަށް ވެއްޓުނެވެ. ބެހެމަތްގެ މޫނަށް ބަލާލުމާއެކު އެ މޫނަށް ޒަލަފް ކުޅުޖެހިއެވެ. އެއާއެކު ޒަރަސްމެން ތިބި ދިމާއަށް ބެހެމަތްގެ ބޯ އެއްލިއެވެ. އެ ބޯ ގޮސް ޒަރަސްމެންގެ ފައިބުޑަށް ޖެހުނުއިރު ޒަލަފް ހުރީ ޔަލާގެ ކައިރީ ހުއްޓިއެވެ.
“ޒަލަފް…” ހިތުގެ އެންމެ ފުންމިނުން މަޑު އާހެއްގެ އަޑު ފަދައިން ރަޚަބްގެ ހިތް ރޯލިއެވެ. ދަރިފުޅަށް އައިސްފައި ހުރި ބަދަލުގެ އިތުރުން އެ ދަރިފުޅުގެ ފުރާނައާ މެދު ބިރުގެންފައި ރަޚަބްވެއެވެ. ބެހެމަތްއަށް ހެދި ރަހުމުކުޑަ ޢަމަލުގެ ސަބަބުން ޒަލަފްއަށް އަދަބުލިބޭނޭކަން ރަޚަބްއަށް ޔަޤީންވެއެވެ. ވިސްނުމުގެ ތެރޭގައި ހުއްޓާ ކުއްލިއަކަށް ރަޚަބްގެ އަތް ފޮޅުވާލާފައި މެލްފަސް ބާރުމިނުގައި ނައްޓާލީ ޒަލަފްއާ ދިމާއަށެވެ. ލޯ ކުރިމަތީ ދަރިފުޅު މަރުވެގެންދިޔަ ރަހުމުކުޑަ ގޮތް ފެނި ހޭބުއްދި ފިލާގޮސްފައި ހުރި މީހަކުހެން މެލްފަސް އައެވެ. އޭނާ ހުއްޓުވުމަށް އުޅުނު ރަޚަބްއަށް ހުރަސް އެޅި ޒަރަސްއެވެ.
ޒަލަފްގެ އެތައްތަނެއް މެލްފަސްއާ އަޅާ ބަލާއިރު ޅަވެފައި ތަޖުރިބާ މަދެއްކަމަކު ޒަލަފްގެ ބާރު ގަދައެވެ. ޒަލަފް ނަގާ ބިންމައްޗަށް މެލްފަސް ޖަހައިފިނަމަ އަނެއް ދެފަހަރަށް މެލްފަސް ނަގާ ބިންމައްޗަށް ޒަލަފް ޖަހައެވެ. ދެ މީހުންނަށް ވެސް އަނިޔާވަމުންދިޔައެވެ. ހަރަކާތްތައް އަވަސްކަމުން ރަޚަބްއާއި ޒަރަސް ފިޔަވާ އެމީހުންނާއެކު ތިބި ޖިންނީންނަށް އެ މަންޒަރުތައް ބެލުން ފަސޭހަކަމަކަށް ނުވިއެވެ. އަނެއްކޮޅުން އެއިން އެއްވެސް މަންޒަރެއް އިންސާނަކަށް ފެނުމެއްނުވެއެވެ. ބިންގަނޑު ގުޑައިގެން ދާއިރު ޔަލާއަށް ވެސް އެކަން އިހުސާސް ކުރެވެއެވެ. މެލްފަސް ޔަލާއާ ދިމާއަށް ފިޔަވަޅެއް އަޅާއިރަށް ޒަލަފް އޭނާ ފަހަތަށް ޖައްސައެވެ. ދެ މީހުން އޮޅުލަމުން ގޮސް ލިބުނު ހަނި ފުރުޞަތުގައި އަތުކޮޅަށް މެލްފަސް ހޫރާލިއެވެ. އެއާއެކު އެޔޮއް ބޮޑު މީހާ ގޮސް ގުޅަވަރަކަށް ރަޚަބްމެންގެ ފައިބުޑަށް ޖެހިއްޖެއެވެ. މާނޭވާލަމުންދިޔަ ޒަލަފްގެ ރުޅި އޭރު ވެސް ހައްތަހާ ދިޔައީ ގަދަވަމުންނެވެ.
“މަރާލީމާތަ މައިތިރިވާނީ…” ޒަލަފް ހަޅޭލަވައިގަތެވެ.
“މަގޭ އަތުން ކަލޭ މަރުވާނީ… ކަލެއާއެކު ތިއޮއް އިންސި ވެސް މަރާލާނަން…” ވެލިފޮޅާލާފައި ފުންމައިގެން ތެދުވިގޮތަށް މެލްފަސް ރައްދު ދިނެވެ. އޭރު އޭނާގެ ނޭވާ ވެސް ފުންވެފައިވެއެވެ. ހީކުރި ވަރަށްވުރެ ޒަލަފް މާ ބާރުގަދައެވެ. ރުޅިވެރިކަމުގެ ހަޅޭކަކުން ޒަލަފް ހަޅޭލަވައިގަތެވެ. ރަޚަބްމެންނާ ވާހަކަދައްކާކަށް އޭނާ ބޭނުމެއްނޫނެވެ. ވަގުތުން އެބައިމީހުންގެ ދުވަސްދުއްވާލަން ޒަލަފް ބޭނުންވެއެވެ. އެމީހުންގެ ބޯތައް ކަނދުރާތަކާ ވަކިކޮށް ކަނޑަށް އުކާލަންވީ ކަމުގައި ސިކުނޑީގެތެރެއިން ގޮވަމުންދިޔައެވެ. އަމިއްލަ ޢަމަލުތައް ވެސް ނުހިފެއްޓިގެން އުޅޭ ކަހަލައެވެ.
“މެލްފަސް ކަލޭ އެކަންޏެއް އޭނާ ނުގެނެވޭނެ… ރަޚަބް ތައްޔާރުވޭ… އޭނާ އެހެރީ ހަމައިންނައްޓާފައި… މިވަގުތު އޭނާއެކޭ ވަލުޖަނަވާރެކޭ ތަފާތެއްނުހުންނާނެ… ހުށިޔާރުވެފައި ދޭ އެންމެ ހަމަލާއަކުން ވެސް އަހަރުމެން ދުވަސް ދުއްވާލަފާނެ…” ޒަރަސް ވާހަކަދެއްކިއިރު އަނގައެއް ނުހުޅުވައެވެ. އެހެންނަމަވެސް އެ އަޑު ޒަލަފްއަށް އިވުމުން އެކަމާ ހައިރާންވެ އަންތަރީސްވިއެވެ. ހަމައެއާއެކު ޒަރަސްގެ ބާރުގެ ދަށަށް ޒަލަފް ގެންނަން އިހުނަށްވުރެ އެތައްގުނައެއް ޝައުގުވެރިވެއްޖެއެވެ. ނޭނގޭ އުފާވެރިކަމެއް ޒަރަސްގެ ހިތަށް ލިބެމުންދިޔައީ ޒަލަފްގެ ކުޅަދާނަކަން ފެނިފައެވެ. އުމުރުން އެހާ ޅައިރު ވެސް ޒަލަފްއަށް އެ ހުރިހާ ބާރުތަކެއް ލިބިފައިވާ ގޮތަކާ މެދު ޒަރަސް އަޖައިބުވެ އެކަމުގެ ސިއްރުތައް ހޯދަން އޭނާ ބޭނުންވިއެވެ. ޒަރަސްގެ ސިއްރުތައް ބޭޒާރުވެއްޖެކަން އޭނާއަށް އެނގުމާއެކު ޒަލަފް މަލާމާތުގެ ހުނުމަކުން ހޭން ފެށިއެވެ.
ޒަރަސްގެ އިޝާރާތާއެކު މެލްފަސްއާއި ރަޚަބް ވެސް އައީ ޒަލަފްއާ ދިމާއަށެވެ. އެހިނދު މުޅި ރަށް އަލިވެގެންދާ ފަދަ ވިދުމަކުން ވިދާލިއެވެ. އަދި މަތިން ފޭބި ބާރު ވައިރޯޅިތަކަކާއެކު ޒަރަސްމެން ފަހަތަށް ޖެހެން މަޖުބޫރުކުރުވިއެވެ. ދެން ފެނުނީ ވަރުގަދަ ބޮޑު މީހަކު މަތިން ފޭބިތަނެވެ. އަލިގަދަކަމުން ތަނެއްދޮރެއް ނުފެނެއެވެ. އެ މީހަކު ފޭބިގޮތަށް ބިމުގައި ފައިޖެހުމާއެކު ޒަލަފްގެ ފުރަގަހުން ކޮނޑުގައި އަތްލިއެވެ. އެއާއެކު ޒަލަފް ބާރު އަޑަކުން ހަޅޭލަވައިގަތެވެ. ހީވީ ދަމާބާރަކުން ބިމުގެ އަޑިއަށް ޒަލަފް ލާންވެގެން އުޅޭހެނެވެ. ގަދަބާރު ދައްކަދައްކާ ހުއްޓާ ދެ ކަކޫ މައްޗަށް ޒަލަފް ވެއްޓިއްޖެއެވެ. އެހިނދު އޭނާގެ ބޮލުގައި އެ މީހަކު ދެއަތުން ހިފައިފިއެވެ.
“އިމްރާނު…” އިމްރާނުގެ ނަމުން ޒަލަފް ހަޅޭލަވައިގަތެވެ. ނަމަވެސް ގަދައެއް އިތުރަކަށް ނުހެދުނެވެ. ހީވީ ހަށިގަނޑުގައިވާ ހުރިހާ ހަކަތައެއް ހުސްކޮށްލި ހެނެވެ. ނޫނީ ޒަލަފްގެ ހަށިގަނޑުގައިވާ ރޫހު އިމްރާނު ނެރިލީ ހެނެވެ. ކޮނޑުމައްޗަށް ޒަލަފް ނެގުމާއެކު ދެ ލޯ މެރިފައި އޮތް އިންސާނާއާ ދިމާއަށް އިމްރާނު ބަލާލިއެވެ. ހާސްވެފައި ހުރެ އުނުގައި އޮޅާފައި އޮތް ފޮތިގަނޑު ނަގާ ނިއުޅާލުމާއެކު އެ ފޮތިގަނޑު ޔަލާގެ ގައިގާ އޮޅާލާ އެ ހަށިގަނޑު އުފުލާލިއެވެ. މަދު ސުކުންކޮޅެއްގެ ތެރޭ ވީއެއްނުވީއެއް ރަޚަބްމެންނަކަށް ނޭނގެއެވެ. އެތަނަށް ފައުޅުވި ގަދަ އަލި ޢައިބުގެ އުދަރަސް ހިމޭންވެއްޖެއެވެ. އެތަނަކުން ޒަލަފްއެއް އަދި އަންހެން އިންސިއަކު ވެސް އެ ބައިމީހުންނަކަށް ނުފެނުނެވެ.
“އަހަރުމެންގެ ތެރެއަށް އެހެން ބާރެއް ވަނދެއްޖެ… އެ މީހުންނަށް ނޭނގެނީބާ އެއްބަޔަކު އަނެއްބައެއްގެ ކަންކަމުގެ ތެރެއަށް ހުއްދަ ނުލިބި ނުވަދެވޭނެކަން… ބޮޑު ހަނގުރާމައެއް ފަށަން ބޭނުންވަނީ ތޯއްޗެއް… އެ ގެންދިޔައީ އަހަރުމެންގެ ބާރު ފޯރާ އަހަރުމެންގެ އަމިއްލަ މިލްކެއް” ރުޅިގަދަވެފައި ހުރެ ޒަރަސް ބުނެލިއެވެ.
* * * *
ފަތިސް ނަމާދުކޮށްގެން ކިޔަވަން އިން ޞާބިރާއަށް މީހަކު ގޮވާލިހެން ހީވިއެވެ. އިވުނީ ފިރިހެނެއްގެ އަޑެވެ. އަޑު އައީ ތަންކޮޅެއް ދުރުން އަންނަހެނެވެ. އޭރު އަލިވިލެން ގިނައިރެއްނެތެވެ. އިންތަނުން ތެދުވަން އުޅެފައި ޞާބިރާ އަޅާނުލީ އެއީ އޭނާއަށް ހީވި ހީވުމެއްކަމުގައި ނިންމާފައެވެ. އެހެން އިންދާ ބޮލަށް ބަރުވާހެން ހީވާން ފަށައިފިއެވެ. ކުއްލިއަކަށް ނިތްކުރިއަށް ތަދުވެ ފަޅައިގެން ދާން އުޅޭ ކަހަލަ އިހުސާސެއް ކުރެވުނެވެ. ދެންވީ ގޮތެއް ޞާބިރާއަކަށް ވިސްނައިގަންނާކަށް ނޭނގުނެވެ. ކަންފަތަށް އިވުނީ އަޑެކެވެ. ފިރިހެނެއް އަޑެކެވެ.
“ޔަލާ ގެއަށް ވައްދާ… އޭނާއަށް ފަރުވާކުރޭ… އަބްދުއްރަޢޫފު އަންނާނެ… އޭނާގެ އެހީ ހޯދާ…”
ޞާބިރާއަށް މީހަކު ނުފެނި އިވުނު އަޑު ކަނޑައިގެން ދިޔުމުން ހީވީ ދެބަދޭތެރެ ވެފައި ހޭލެވުނު ހެނެވެ. އެހެންނަމަވެސް އެ އިވުނު އަޑެއް ސާފުކޮށް ޞާބިރާއަށް އިވިއްޖެއެވެ. ހަނދާން ވެސް އެބަހުއްޓެވެ. އަތުގައި އޮތް ހަތިބު ބާއްވާލާފައި އަވަސް އަވަހަށް ޞާބިރާއަށް އިންތަނުން ތެދުވެވުނެވެ. ނަމާދު ދޮޅި ބާލާ އެނދުމަތީ ބާއްވާލުމާއެކު ހެނދުން އަޅުވާ ދަނޑީގައި އޮތް ޑަބަލްނެޓު ވަށްބުރުގައި ނަގާ ބޮލަށް މަހާލައިގެން ކޮޓަރިން ނުކުމެ ޔަލާގެ ކޮޓަރިއަށް ދާން ހިނގައިގަތެވެ. އެހިނދު ޞާބިރާ އެ މީހަކު ގޮވާލީ ބޭރުންނެވެ. އަޑުގައި ތަފާތު ގޮތެއް ހުރިކަން ގައިމެވެ. އެހެންނަމަވެސް ހިތަށް ބިރުވެރިކަމެއް ވަންނަފަދަ އަޑެއް ނޫނެވެ. އަވަހަށް އައިސް ސިޓިންރޫމުގެ ދޮރު ހުޅުވާލިއިރު ދޮރުކައިރީ ފާރުގައި ޔަލާ އިނެވެ. ލިބުނު ސިހުމާއެކު ވަށައިގެން ޞާބިރާ ހޯދާލިއެވެ. ބިރުވެރިކަން ހިތަށް ވަނީ ދެނެވެ. މީހަކު ފެންނަންނެތި ޔަލާ އިން ހާލު ފެނިފައެވެ. ދަރިފުޅުވަނީ ލެއިން ތަތްތެޅިފައެވެ. ދެފައިގައި އެއްކޮށްހެން ވަނީ ލެކުލައިން ފޮރުވިފައެވެ. މޫނު ވަނީ ހުދުވެފައެވެ. އެންމެ ފުރަތަމަ ވެސް ޞާބިރާއަށް ބަލާލެވުނީ ޔަލާ ނޭވާލާތޯއެވެ.
“ސުބްޙާނަﷲ… މި ފެންނަނީ ކޮންކަމެއްތަ؟ އަހަރެންގެ ޔަލާއަށް މިވަރު ކުރީ ކާކު؟ މީ ކިހިނެއްވީ ކަމެއް؟…” އަމިއްލަ ހިތާ ސުވާލުކުރަމުންދިޔަ ޞާބިރާ އަވަސް އަވަހަށް ޔަލާ ގޭތެރެއަށް ވެއްދުމަށްޓަކައި އޭނާ އުފުލާލުމަށް ކިހިލިފަތްދޮށަށް ދެއަތް ލައްވާލިއެވެ. އެ ހަށިގަނޑުގެ ލުއިކަން އިހުސާސްވީ ދެނެވެ. ޔަލާއަށް ބޮޑުކަމެއް ދިމާވެއްޖެކަން ޞާބިރާއަށް ޔަޤީންވެއްޖެއެވެ. ހަމައެހިނދު އޭނާއަށް އިވުނު އަޑުގެ މަތިން ހަނދާންވިއެވެ. އެ އަޑަކީ އޭނާއަށް ދިން އިރުޝާދުތަކެވެ. ޔަލާ ގެއަށްވެއްދުމަށް ގޮވާލީ ވެސް އެއަޑުންނެވެ. ސޯފާގައި ޔަލާ ބޭއްވުމާއެކު ސިޓިންރޫމުގެ ދޮރުލައްޕާފައި ދުވަމުން ކަހަލަ ގޮތަކަށް ގޮސް ލުހާއަށް ޞާބިރާ ގޮވިއެވެ.
އެމަޖެންސީގައި ޔަލާ ހޮސްޕިޓަލަށް ގެންދެވުމާއެކު އޭނާއަށް ވަގުތުން ފަރުވާދޭން ފެށިއެވެ. ހަށިގަނޑުން ގިނަ އަދަދެއްގެ ލޭ މަދުވެފައި ހުރުމުން އޭނާގެ ގަޔަށް ލޭއަޅަން ޖެހުނެވެ. ހެނދުނު ޑިއުޓީއަށް އައިސް ވަން ރީހާންއަށް ޔަލާ އެޑްމިޓްކޮށްފައި އޮތް ޚަބަރު ލިބުމާއެކު އޭނާ އައެވެ. އެހެންނަމަވެސް އެކަކުގެ ފަރާތުން ވެސް ޔަލާއަށް ވީގޮތެއް އޮޅުމެއް ނުފިލިއެވެ. ދަރިފުޅު ފެނުނުއިރު އިން ހާލު ބުނެދޭން ޞާބިރާ ފަސްޖެހުނީއެވެ.
* * * *
ފާރުތައް ގުގުމާލާހާ ބާރު އަޑުން ޒުވާނަކު ރޮމުންދިޔައިރު އެ އަޑު މަގުމަތިން ދާ މީހުންނަށް ވެސް އިވެއެވެ. މީހުން އެއްވެ ވާނުވާ ބަލަން މަސައްކަތް ކުރިއެވެ. އެހެންނަމަވެސް ގޭގެ ހުރިހާ ދޮރެއްވަނި ލައްޕާފައެވެ. ބޮޑުންގެ ތެރެއިން މީހަކާއި ޔޫޝައު ހަރުކޮށް ހިނގާފައި އަންނަތަން މީހުންތަކަށް ފެނުމުން އަވަސް އަވަހަށް އެ މީހަކު ކުރާ ކަމެއް ކުރުމަށް ރުޖޫއަވެގަތެވެ. އެހެންނަމަވެސް އެ މީހުންނަށް ވެސް ފާހަގަކުރެވުނީ ޔޫޝައުއާ ދެން ހުރި މީހާގެ މޫނުމަތިން ފެންނަމުންދިޔަ ކަންބޮޑުވުމުގެ އަސަރުތަކެވެ. އަނެއްކޮޅުން އިވެމުންދިޔައީ ހިތްތައް ބަލިކަށިކުރުވާފަދަ އަސަރުހުރި ބާރު ރުއިމެއްގެ އަޑެވެ. ޔަޤީނުން ވެސް އެ ޒުވާނާ އެ ރޮނީ ވޭނުންނެވެ. ސިއްރު ބެލުންތައް އަމާޒުވެފައި ވަނިކޮށް ޔާޝައުއާއި އޭނާއާއެކު އައި ދެން ހުރި މީހާ އެގެއަށް ވަދެއްޖެއެވެ.
“މިހާރު ކިހިނެއް؟” ގެއަށް ވަންނަމުން ސަލާމްގޮވާލުމާއެކު ދިމާއެނދުގައި އިން އިމްރާނު ފެނި އޭނާގެ ގާތުން ޒަލަފްގެ ޚަބަރަކީ ކޮބައިތޯ ޔޫޝައު އެހިއެވެ.
“އަދިވެސް ރޯއަޑު އެބައިވެއްނު… ހީވަނީ ކުޑަކުއްޖަކުހެން… މިއަދުމީ ހަތަރުވަނަ ދުވަސް… ވިސްނާދީ ދީ އަހަރެން ވަރުބަލިވެއްޖެ…” މާޔޫސްވާގޮތްވެފައި އިން އިމްރާނު ބުންޏެވެ.
“އޭނާ އަދި ވަރަށް ޅަ… ވިސްނައިދިނުން ފަސޭހައެއްނުވާނެ… ޚާއްޞަކޮށް ލޯތްބާއި ގުޅިފައިވާކަމެއް ހުއްޓުވާލުމަކީ ފަސޭހަކަމެއްނޫން… މި ނޫންތަނަކަށް އޭނާ ގެންދަން އަހަންނަށް ފެނޭ… އަހަރުމެންގެ ތެރޭގައި މީހުން ސުވާލުކުރާން ފަށައިފި” ޔޫޝައު ބުންޏެވެ.
“ކޮންތާކަށް ގެންދާނީ… އަހަންނަށް މިކަމުގައި އެހީވާން ހުރީ ޔޫޝައު އެކަނި… އަހަރެންގެ ޢާއިލާއަށް މިކަމުން އަސަރެއްކުރާކަށް ބޭނުމެއްނޫން… އަނެއްކޮޅުން ޔޫޝައުގެ ފުރާނައަށް ވެސް ގެއްލުމެއް ލިބޭކަށް އަހަރެން ނޭދެން… އަހަރުމެންގެ ތެރޭގައި ނޫނީ ޒަލަފްއަށް ރައްކާތެރިކަމެއް ކޮބާ؟”
“ހިތްވަރު ދެރަނުކުރޭ… އަހަރުމެންނަށް އަބްދުﷲ އެހީވާނެ… އޭނާއަށް ޒަލަފްގެ ވާހަކަތައް އަހަރެން ކިޔައިދިނިން… އަހަންނަށްވުރެ ގިނަ ކަންކަން އަބްދުﷲއަށް އެނގޭނެ… އަހަންނަށް އެނގޭ ޒަލަފް ގެންދާނެތަނެއް… މިވަގުތަށް އޭނާ ނިންދަވަން އަހަންނަށް ފެނޭ…”
“ނޫން! ނިންދަވައިގެން ނުވާނެ… އޭރުން އޭނާ އަހަރުމެންނަށް އިތުބާރެއްނުކުރާނެ… އޭނާގެ މައްޗަށް އެއްގޮތަކަށް ވެސް ބާރުގެ ބޭނުންކުރުން ރަނގަޅެއްނުވާނެ… އެ ރޯ ރުއިމުގައި ނުބައިކަމެއްނުވޭ… އޭނާ އެކުރަނީ ވަރަށް ބޮޑު ހިތާމައެއް… އެކަމުން އޭނާގެ ނަފްސު ހަމަޖެހެންދެން ކެތްތެރިވޭ…” ޔޫޝައުގެ ގާތުގައި ހުރި އަބްދުﷲ އޭނާގެ ޚިޔާލު ފައުޅުކުރިއެވެ. އޭރު އޭނާގެ ނަޒަރު ހުއްޓިފައިވަނީ އެތެރެއިން އިވޭ ރުއިމުގެ އަޑު އަންނަ ކޮޓަރިއަށެވެ.
“އެ އަޑަށް ހިސާބުގަނޑު މީހުން ސަމާލުވާން ފަށައިފި…” ޔޫޝައު ހަނދާންކޮށްދިން ކަހަލައެވެ.
“އެހެންވީރު އޭނާ ނުނިންދަވާ ވެސް އެހެން ތަނަކަށް ގެންދެވިދާނެ…” އަބްދުﷲ ބުންޏެވެ.
“އަހަރެންގެ މުޅި ހަޔާތުގައި ވެސް މިވަރުގެ ކަމެއް ނުދެކެން…” މަޑުމަޑުން އިމްރާނު ބުނެލިއެވެ.
“ﷲގެ އިރާފުޅާއެކު ނޫނީ އެއްވެސް ކަމެއްނުވާނެ… އެކުއްޖާ މި ދުނިޔެއަށް އުފަންވެފައި އެވަނީ ޖިންނިއެއްގެ ނުބައި ޢަމަލެއްގެ ސަބަބުން… މިހާ ދުވަހު އިންސާނުންގެ ތެރޭގައި އެކުއްޖާ ގެންގުޅުނު ކަމީ އޭނާއަށް ދެވުނު ވަރަށް ބޮޑު އަނިޔާއެއް… އެކަމަކު އެ ނޫން ގޮތެއް ވެސް ނެތްކަން އެނގޭ… އެކުއްޖާފުޅުގެ ރުއިމުގައިވާ ވޭން އަހަރެންގެ ކަންފަތަށް އުނދަގޫ ކުރޭ… ހިތްތައް މަޑުވެގެންދާ ފަދަ ބާރެއް އެ އަޑުގައިވޭ… އެ އަޑުގައިވަނީ ޝަކުވާ… ހިތްދަތިކަމުގެ ތެރެއިން ހެޔޮ ވިސްނުން ﷲ އިރާދަކުރެއްވިއްޔާ އެކުއްޖާފުޅަށް ލިބުން އަހަރެން އެދެނީ… ކެތްތެރިވެއްޖެނަމަ އެ ދުވަސްވެސް ލަހެއްނުވެ އަތުވެދާނޭ އަހަރެންގެ ހިތް ބުނޭ… އަހަރުމެންގެ ތެރޭ އެކުއްޖާ ފައިތިލަ ސާބިތުކޮށްފިނަމަ އަހަރުމެންގެ ތެރޭގައި ﷲގެ އިރާދަފުޅާއެކު ގިނަ ޒަމާންތަކަކަށް ދެމިގެންދާނޭ ވަރުގެ އަލިގަދަ ދަންމަރެއް ފައުޅުވެގެންދާނެކަން ޔަޤީން…” އަބްދުﷲގެ ވާހަކަތަކުން އިމްރާނުގެ ހިތަށް ހަމަޖެހުން ލިބުނެވެ. ޔޫޝައުއާއި އިމްރާނުގެ ހިތްވަރު އާވެ ޒަލަފްގެ މައްޗަށް އެ ދެމީހުންގެ ހިތް ވެސް ހަމްދަރުދީއިން ފުރިފައިވެއެވެ.
ކުޑަދޮރެއްނުވާ ހަތަރުފާރުގެ ތެރޭގައި މެދަށް ވާގޮތަށް ތުނި ގޮދަޑިއެއްފާޑުގެ ތަންމައްޗެއް އަޅާފައިވާ ހިމަ އެނދަކާއި ދެފޫޓުގެ ހިމަދިގު ކަބަޑެއް އެނދާ ދިމާ ކުރިމަތިވާގޮތަށް ފާރުގައި ޖައްސާފައި ހުއްޓެވެ. އޭގެ މަތީގައި ބަހައްޓާފައި ހުރި ސަމޭދާނުން ހަތަރު އުއްބައްތީގެ ހުޅުކޮޅުން އެ ކުޑަ ކޮޓަރިގަނޑު ފަނޑު އޮރެންޖު އައްޔަކުން އަލިވެފައިވެއެވެ. ކޮޓަރީގެ ކަނަކަށް މޫނުލައިގެން އުޑުފައިން އިށީނދެ އިން ޒަލަފް ރޮމުންދިޔައެވެ. އޭނާއަށް ތަކުރާރުކޮށް ޔަލާގެ ހާލު ލޯ މަތިން ފެންނަނީއެވެ. ބެހެމަތްގެ އަނިޔާވެރިކަމެވެ. އޭނާގެ ދުވަސްދުއްވާލެވުނެއްކަމަކު އަދިވެސް ޒަލަފްގެ ހިތަށް ހަމަޖެހުމެއް ނުލިބެއެވެ. ހަދާނޭގޮތް ހުސްވެފައި ވާ ކަހަލައެވެ. ޔަލާއަށް އޭނާގެ ފަރާތުން ލިބުނު އަނިޔާއަށް އަމިއްލަ ނަފްސު ކުއްވެރިކުރެވެނީއެވެ. އަނެއްކޮޅުން ދެން ކުރިމަތިވާނީ ކިހާވަރެއްގެ މުސީބާތެއްކަމެއް އެނގެނީއެއްނޫނެވެ. އެ ހުރިހާ އިރު އޭނާ ޔަލާއާ ދުރުގައި ހުންނަޖެހިފައިވުމުން ލިބިފައިވަނީ ނިމުމެއްނުވާ ހިތްދަތިކަމެކެވެ. ހިތަށް ކުރަމުންދިޔަ އަސަރާއެކު މޭގައި މުއްކަވާލި ދެއަތުން ޒަލަފް ތަޅައިގަތެވެ. ދޭތެރެއަކުން އޭނާގެ ރުއިމުގެ އަޑު ގަދަވަނީ އެ ފަދަ ކޮންމެވެސް ޢަމަލަކުންނެވެ. މީހަކަށް ފޮރުވާކަށް އޭނާ ބޭނުމެއްނޫނެވެ. މުޅި ދުނިޔެއަށް ވެސް އޭނާ ޔަލާދެކެ ވާ ލޯބި އިއުލާން ކުރާން ބޭނުންވެއެވެ.
“ދަރިފުޅާ…. ގައިގާ ތަޅާ ރުއިމަކުން ހަމަޖެހުމެއްނުވޭ…” ޒަލަފްގެ ފަހަތުން ކޮޓަރިތެރެއިން އިވިގެން ދިޔަ އޯގާތެރި އަޑަށް ޒަލަފް ހުއްޓުނެވެ. މިފަދަ ވަގުތެއްގައި އޭނާއަށް ދަރިފުޅާއޭ ކިޔާ ގޮވާލުމުން އަދިވަކިން ޒަލަފްގެ ހިތުގައި ޖެހިއްޖެއެވެ. ރަޚަބްއަކީ އޭނާގެ ބައްޕައަށް ވީކަމަކު އޭނާ މިހާރު އެ ވަނީ ޒަލަފްގެ ފުރާނައަށް ފެންބޮވައިގެންފައެވެ. އަބްދުއްރަޢޫފާއި އަރީޝާއަކީ ޒަލަފް ދުނިޔެއަށް ނޭވާލީއްސުރެން މައިންބަފައިންގެ ގޮތުގައި ބަލައިގަތް މީހުންނެވެ. އެހެންނަމަވެސް މިއަދު އެ މީހުން ވެސް އިހުސާސް ކުރެވެނީ ބީރައްޓެހިބައެއްގެ ގޮތުގައެވެ. ރޮއެރޮއެ އިން ޒަލަފްގެ ބުރިކަށީގައި މީހަކު އަތްލުމާއެކު ހަލުވިކޮށް ދެމިގަތީ ހަތަރެސްފައި ޖަހައިގެން އޮވެއެވެ. ކޮޓަރީގެ އެހެން ކަނަކަށް އޭނާ ގޮސް މަޑުކޮށްލައިގެން އިންއިރު ނަޒަރު ހުރީ ކޮޓަރީގައި ދެން ހުރި މީހާއަށް ހުއްޓިފައެވެ. ހުދުކުލައިގެ އިސްތަށިގަނޑާއި ކަރުދޮށްނުފެންނަވަރުގެ ދިގު ތުނބުޅީގެ ތެރެއިން އެ މީހާގެ މޫނު ފެންނަނީ އުޖާލާކޮށެވެ. ނިތްކުރި ތަނަވަސްވެފައި ލާފައި ހުރި ހެދުމުގެ ސާފުކަމުން ހިތަށް ފިނިކަން ލިބޭފަދަ އިހުސާސެއް ޒަލަފްއަށް ކުރެވިގެންދިޔައެވެ. އުމުރުން އިމްރާނާއި ޔޫޝައުއަށްވުރެ އެތައް އަހަރެއް ދޮށިވާނެކަން ޒަލަފްއަށް އެނގެއެވެ. އެހެންނަމަވެސް އެކަން ފައުޅުވަނީ ހަމައެކަނި އޭނާގެ ހުދުވެފައިވާ އިސްތަށިގަނޑާއި ތުނބުޅިމަތިމަހުން އެކަންޏެވެ. ބޮޑުބިޔަ ހަށިގަނޑަކާއި ދިގު އިސްކޮޅުގައި މީހުން ޖެހިލުންވާނޭފަދަ ގޮތެއް ހުއްޓެވެ.
“އަހަންނަށް ކިޔަނީ އަބްދުﷲ…. އިމްރާނުގެ އެކުވެރިޔާ ޔޫޝައުގެ ބޮޑުބޭބެ ފަރާތު ތިމާގެ މީހެއް…” އަބްދުﷲ ވާހަކަދެއްކުމުން ވެސް ޒަލަފް އަނގަޔަކުން ނުބުންޏެވެ. އޭނާގެ ދެ ލޮލުން ކަރުނަ ހުސްވުމެއްނުވެއެވެ. އެކަކާ ވެސް އަނގައިން ބުނާކަށް ބޭނުމެއްނުވެއެވެ. ކާއެއްޗެއްގައި އަތްނުލާތަނުގައި ކަރުހިއްކުން ފިލުވާލުމަށް ޒަލަފް ނޭދެއެވެ. ބައެއްފަހަރަށް ހުޅުކޮޅުގެ ހަރަކާތާއެކު ވެރިވެގެންދާ އަނދިރިގަނޑެކޭ ޒަލަފްއެކޭ ތަފާތެއްނެތެވެ. ރަތްކުލައިގައިވާ ދެ ލޮލުން ބިރުވެރިކަމެއް އަބްދުﷲއަކަށް ނުފެނެއެވެ. ޒަލަފްގެ ހާލުފެނި އަބްދުﷲއަށް ފިނިނޭވާއެއް ދޫކޮށްލެވުނެވެ.
އިރުކޮޅަކު ޒަލަފްއަށް ބަލަހައްޓައިގެން ހުރެފައި އަބްދުﷲ އެ ކޮޓަރިން ނުކުމެގެން ދިޔައެވެ. އެހެންނަމަވެސް ގިނައިރެއްނުވެ އޭނާ އެނބުރި އަތުވެއްޖެއެވެ. މޫނުމަތިންނާއި ތުނބުޅިން ފެނުގެ އަސަރު ފައުޅުވޭވޭ ހުއްޓެވެ. އަތުގެ ތެރޭގައި ފެހިކުލައިގެ ފޮތިގަނޑަކަށްލާ އޮޅާލާފައި އޮތް އެއްޗެއް އޮތެވެ. އޭނާއާއެކު އެ ކޮޓަރިއަށް ޔޫޝައުއާއި އިމްރާނު ވެސް ވަނެވެ. ސަމޭދާން އެއްފަރާތް ކޮށްލުމާއެކު އަބްދުﷲގެ އަތުގައި އޮތް އެއްޗެއް ވަރަށް ބަލައިގެން ކަބަޑުގެ މަތީ ބޭއްވުމާއެކު ފޮތިގަނޑު ހުޅުވާލިއެވެ. އޭގެ ތެރޭގައި އޮތީ ހަތިމެކެވެ. ޒަލަފް ހައިރާންވެފައި އެ މީހުންނަށް ބަލަން އިންދާ އަބްދުﷲ ޢިމާމުވެ އެ ކޮޓަރީގައި ނަމާދުކުރިއެވެ. އެތަނުން ނުކުމެގެން ދާން ޒަލަފް ބޭނުންވިޔަސް އެ މީހުންގެ ހުރަސްކަނޑާފައި ދާކަށް ހިލާ ނުކެރުނެވެ. އެހެންވެ އިހު އިންހެން ކަނަކަށް އެނބުރި ފާރުގައި ބޯތަޅާލަތަޅާލާ އިނެވެ. އެ މީހުން ނަމާދުން އަވަދިވުމާއެކު އަބްދުﷲ ކުރިއަށްޖެހި ޒަލަފްގެ އަތުގައި ހިފިއެވެ. އެހިނދު ބާރެއް ދައްކާކަށް ޒަލަފްއަކަށް ނުކެރުނެވެ. އޭނާ ގޮވައިގެން އަބްދުﷲ އައިސް އެ ގޭގައި ހުރި ވަޅުކޮޓަރިއަށް ވަނެވެ. އަދި ދެކަކޫ މައްޗަށް ޒަލަފް ތިރިކޮށް އޭނާގެ ބޮލު މެދުގައި ވައަތުން ހިފަހައްޓާ ވަޅުދޮށުގައި ހުރި ފެންކަންވާރުގައި އޮތް ބޯތަށިފާޑުގެ ތަށިން ފެން ނަގާ ޒަލަފްގެ ބޮލަށް އޮއްސާލިއެވެ. ތިންފަހަރު މަތިން ފެން އެޅުމާއެކު ދެން އިވުނީ އަބްދުﷲ ކިޔަވާއަޑެވެ. އެއަށްފަހު އޭނާ އެ ހުއްޓާ ތަންތަނަކަށް ކިޔެވުން ހުއްޓަމުން ފެންއަޅަމުން ގޮސް ހަތްތަށި ފެން އަޅައިފިއެވެ. ބައެއް ސޫރަތްތަކަކީ އަޑުއިވި ޒަލަފްގެ ހަނދާނުގައި ހަރުލާފައި ހުރި ސޫރަތްތަކެވެ. ނޭނގުނީ އަބްދުﷲ އެ ކުރި ކަމެވެ.
“އިމްރާނު… ލިބާސް ގެނޭ…” އަބްދުﷲ ގޮވާލިއެވެ. އެއާއެކު އިމްރާނުމެން ލާފައި ހުރި ކަހަލަ ހެދުމެއް ގެނެސްފިއެވެ. އެ ތަކެތީގައި އަބްދުﷲ ހިފުމާއެކު އިމްރާނު ނުކުތެވެ. އޭނާ ޒަލަފްއަށް ބަލައެއްނުލައެވެ.
“ލައިގެން ހުރި ހެދުން ވަޅުދޮށުގައި ބަހައްޓާފައި މި ހެދުން ލައިގެން ނުކުމޭ” ޒަލަފްގެ ކަނާއަތުގައި ހިފާ އުފުލާލަމުން އަބްދުﷲގެ އަތުގައި ހުރި ހެދުންތައް ޒަލަފްގެ އަތަށް ލައިދިނެވެ.
“ކޮބާ؟ ކިހިނެއް މިހާރު…” ވަޅުކޮޓަރިން ޒަލަފް ނުކުތުމާއެކު ހިނިތުންވެލައިގެން ހުރި އަބްދުﷲ އެހިއެވެ. ނަމަވެސް ޒަލަފް އަނގަޔަކުން ނުބުންޏެވެ. ދެން ވެސް އަބްދުﷲ ހިނގައިގަތީ ޒަލަފްގެ އަތުގައި ހިފައިގެންނެވެ. ގެނެސް ދިމާ އެނދުގައި ބޭންދުމާއެކު އޭނާއާ ކުރިމަތިވާނޭހެން އަބްދުﷲ އިށީނެވެ. ޒަލަފް ކަންތައް ކުރާނޭ ގޮތެއް ނޭނގޭތީ އެ ވިސްނުމުގައި އިމްރާނާއި ޔޫޝައު ދުރުގައި ތިބީ ހުށިޔާރުވެއެވެ. އަބްދުﷲގެ ކުރިމަތީގައިވާ ދޮލަނގުން ފޮތިގަނޑު ނެގުމާއެކު އޭގައިވާ ކާތަކެތީގެ ވަސް އަރައިގަތެވެ. ކުޑަކުއްޖަކަށް ކާންދޭފަދައިން އަބްދުﷲގެ އަތުން ލަވައިގެން ޒަލަފްއަށް ކާންދިނެވެ. އެއަށްފަހު އޭނާ ގެނެސް ކޮޓަރިއަށް ވައްދާ އެނދުގައި ބޭއްވިއެވެ.
ކޮޓަރީގައި އެކަނިވުމާއެކު ޒަލަފްގެ ދެ ލޯ ފުރިބަންޑުންވިއެވެ. މަޑުމަޑުން ޔަލާގެ ނަން ކިޔެންފެށުނެވެ. އެހެންނަމަވެސް މިފަހަރު ރޮމުން ދިޔައީ ބާރަކަށް ނޫނެވެ. ފެންޑާގައި އިނދެފައި އަބްދުﷲ ތެދުވެގެން އައިސް ޒަލަފްގެ ކޮޓަރިއަށް ވަދެ އޭނާގެ މަގަތުން އެނދުގައި އިށީނެވެ. ބަންޑުން އޮތް ޒަލަފްގެ ބުރަކަށީގައި އިރުކޮޅަކު ފިރުމަން އިނދެފައި އަބްދުﷲ ވާހަކަދައްކަން ފެށިއެވެ. ޤުރުއާނުގެ އާޔަތްތައް ކިޔެވުމާއެކު އޭގެ މާނަ ކިޔަންފެށިއެވެ. މަޚުރަޖުގެ ސާފުކަމާއި އަޑުގައިވާ ރީތިކަމެއްގެ ސަބަބުން ޒަލަފްގެ ރޫހަށް މަޑުމަޑުން ހަމަޖެހުން ލިބުނެވެ. އެހެންނަމަވެސް ޒަލަފްގެ ގިސްލުމުގެ އަޑެއް ނުކެނޑުނެވެ. އޭނާއަށް ހަމަވިސްނުން ލިބޭނީ އެ ހިތަށް ހަމަޖެހުމެއް ލިބިގެންކަން އަބްދުﷲއަށް އެނގެއެވެ. އޭނާ ފަސޭހަކަމާއެކު ޒަލަފްގެ ދެ ކޮނޑުގައި ހިފާ ގެނެސް ގަޔާލާ ބާރުކޮށްލިއެވެ.
“ދަރިފުޅާ… ސިކުނޑީގެ ބޭނުން ހިފަން ދަސްކުރޭ… ﷲއަށް ބިރުވެތިވޭ…ހުރިހާ ކަމެއް އެކަލާނގެ ދެނެވޮޑިގެންވޭ… ތި ހިތާމަތައް ފިއްލަވާތޯ ދުޢާކުރޭ… އެކަލާނގެ ރުއްސެވުން ލިބިއްޖެ އަޅަކީ ބާއްޖަވެރިއެއް… ދެން ހުއްޓާލާ… ކެތްތެރިވާން ދަސްކުރޭ… ހިތްވަރު ގަދަ ކުރޭ…” އަބްދުﷲގެ ވާހަކަތައް އަޑުއެހުމަށް ޒަލަފްގެ ޟަމީރު އެދެން ފެށިއެވެ. ބަހެއްނުބުނެ ޒަލަފް އިނުމުން އަބްދުﷲއާ ދުރުކޮށްލުމާއެކު އޭނާ ގޮވައިގެން ވަޅުދޮށަށް ގޮސް ވުޟޫކުރުވިއެވެ. އަދި ކޮޓަރިއަށް ގެނެސް އެނދުގައި ބައިންދާފައި ކޮޓަރީގައި ހުރި ކަބަޑުގެ މަތިން ހަތިމު ނަގައިގެން ގެނެސް ޒަލަފްގެ އަތަށް އަބްދުﷲ ލައިދިނެވެ. ފުރަތަމަ ނުހިފަން އުޅެފައި ވެސް އޭގައި ޒަލަފް ހިފިއެވެ.
“އަހަރެންގެ އަޑުދަށުން ކިޔަވާ…” ހަތިމުން ވަކި ހިސާބެއް ހުޅުވުމާއެކު އަބްދުﷲ ބުންޏެވެ. އަދި އޭނާ ކިޔަވަންފެށިއެވެ. ޒަލަފްގެ ނުފަރިތަކަމަށް އަބްދުﷲ ކެތްތެރިވިއެވެ. އަނެއްކޮޅުން ހިތްހަމަޖެހުނެވެ. އެ ކުއްޖާ ހިތްދަތިކުރަމުންދިޔަ ވަސްވާސްތަކާއި ދުރުވެ ޤުރުއާނުގެ އާޔަތްތައް ކިޔުމަށް މަސައްކަތް ކުރާތަން ފެނިފައެވެ.
ވަރުބަލިކަމެއްނެތި ޒަލަފްއަށް އަބްދުﷲ އެހީވަމުން ދިޔަ މަންޒަރު ބަލަން އެ ގޭގައި އިމްރާނާއި ޔޫޝައު ހުއްޓެވެ. ޒަލަފްއާ މެދު ހަދާނޭ ގޮތެއް ނޭނގިފައި އެ ދެމީހުން ވަނިކޮށް އަބްދުﷲއަށް އެކަން ބުރަކަމަށްނުވިއެވެ. ނުހަނު ފަސޭހަކަމާއެކު ޒަލަފް ލައްވާ ކަންތައްތައް ކުރުވާތަން އެ މީހުންނަށް ފެނެއެވެ. ކިޔެވުން ނިންމާލި އަސުރު ނަމާދު ވަގުތަށެވެ. އަބްދުއްﷲ އިމާމުވެ ނަމާދު ކުރިއިރު ޔޫޝައުއާއި އިމްރާނާއެކު އެ ދެމީހުންގެ މެދުގައި ހުރެ ޒަލަފް ނަމާދުކުރިއެވެ. ނަމާދުން އަވަދިވުމާއެކު އިމްރާނާއި ޔޫޝައު ވެސް ޒަލަފްއާ ކަރާކަރުޖައްސައި ސަލާމްކުރިއެވެ. ހިތްވަރުގެ ބަސް ބުންޏެވެ.
* * * *
ހިތްވަރުކުރުމަށް އެންމެން ބުނަމުން ދިޔަ ނަމަވެސް ޞާބިރާއަށް ރޮވެނީއެވެ. ހޮސްޕިޓަލުގެ ޚާއްޞަ ކޮޓަރިއެއްގައި އެކަހެރި ކުރެވިފައި ޔަލާ އޮތްއިރު އޭނާގެ ހަތަރެސްފައި ވަނީ އައްސާފައެވެ. އިންޖެކްޝަންގެ އެހީގައި ނިދާފައި ބާއްވަން ކުރާހާ މަސައްކަތެއް ބޭކާރުވަމުންދިޔައެވެ. ޔަލާގެ ހުރިހާ ކަމެއް ބެލުމަށް އަމިއްލައަށް ހަވާލުވެގެން ހުރި އެންމެ އިސް ޑޮކްޓަރަކީ ރީހާންއެވެ. އޭނާ ވެސް ބިރުގަންނަ ދަރަޖައަށް ކަންތައް ހިނގައްޖެއެވެ. ޔަލާގެ ހަށިގަނޑަށް ކެތްނުވާވަރަށް އިންޖެކްޝަނެއް ނުދެވޭނެއެވެ. އަނެއްކޮޅުން މެދުކެނޑުމެއްނެތި ލޭއަޅަން ޖެހިފައިވެއެވެ. އެންމެން ބިރުގަންނަ ވަރަށް ޔަލާގެ ހަށިގަނޑުގެ ހުރިހާ ދޮރަކުން ލޭ އާދެއެވެ. އެކިފަހަރު އެކި ތަނުންނެވެ. ލޭ އަންނަން ފަށައިފި ނަމަ ހުއްޓުމެއްނެތެވެ. އެންމެ ހިނދުކޮޅަކަށް ވެސް ޔަލާގެ ދެ ލޯ ނުމެރެއެވެ. ކޮޓަރީގެ އެކި ދިމާއަށް ހުއްޓިފައި އޮންނައިރު ދޭތެރެއަކުން އެ ދެ ލޮލުން ކަރުނަ ފައުޅުވެދެއެވެ. އެހެންނަމަވެސް ކަޅި ހިންގާލުމެއް އެސްފިޔަޖަހާލުމެއް ދޫ ހަރަކާތްކޮށްލުމެއް ނުވެއެވެ. ބައެއްފަހަރަށް ކުކުރާ އަޑު ކަހަލަ އަޑެއް ލައްވަލައްވާ އޮވެއެވެ. ކޮޓަރީގެ އެއްފަރާތެއްގައި ގޮނޑި ބަހައްޓައިގެން އަބްދުއްރަޢޫފާއި ޒާލިފު ކިޔަވަންއިނެވެ. އަބްދުއްރަޢޫފު ފިޔަވައި ޔަލާއާ ވާހަކަދެއްކޭ ގޮތެއް އެހެން މީހަކަށް ނުވެއެވެ. އެކަކަށް ވެސް ޔަލާއާއެކު އެކަނިވާކަށް ނުކެރެއެވެ. އެ ކޮޓަރިން ބޭރަށް ޞާބިރާ ނުކުތީ އޭނާއަށް ރޮވޭވަރުން ކެތްނުކުރެވިގެން ދަރިފުޅުގެ ކުރިމަތީ ނުރޯން ވެގެންނެވެ. އެތަނުގައި ރާމިޒާއާއި ސިތާރާއާއި ދަޔާން ތިއްބެވެ. ހަމައެއާއެކު ޞާބިރާގެ ހަގު ދަރިފުޅު ލުހާ ވެސް ހުއްޓެވެ.
“ސިތާރާ…” ދުރުގައި ހުރެފައި ޝިޔާރު ގޮވާލިއެވެ. އެއާއެކު ޞާބިރާއާއި އެހެންމީހުންނާ އެކަހެރިވަމުން ޝިޔާރުގެ ގާތަށް ސިތާރާއައެވެ.
“ޔަލާ ކިހިނެއް؟” ޝިޔާރުގެ މޫނުމަތިން ވެސް ފެންނަނީ ކަންބޮޑުވުމެވެ. ފެންކަޅިވެފައިވާ ދެ ލޮލުން ޝިޔާރަށް ބަލާލަފައި ސިތާރާ ދެފަރާތަށް ބޯ ހޫރާލިއެވެ.
“އައި އޭމް ސޮރީ… ހޮސްޕިޓަލުގެ ފަރާތުން އެއްވެސް ކަމެއް ޔަލާއަށް އުންޏެއްނުވާނެ… އަހަންނާއި ރީހާންއާ ވެގެން ހުރިހާ ކަމެއް ބަލަމުން މިދަނީ… މި ތަނުގައި މިވަރުގެ ކަމެއް ހިނގާކަން އަހަރުމެންގެ އިތުރުން ޑރ.ވިޖޭއަށް އެނގޭނީ… އެހެން އެއްވެސް މީހަކަށް މިކަމެއް ނޭނގޭނެ… އިރާދަކުރެއްވިއްޔާ ތި ޖެހިގެން އުޅޭ ކަންތަކުން ޔަލާ ސަލާމަތްވާނެ… ހިތްވަރު ދެރަނުކުރާތި… އަހަރެން އަބަދުވެސް ސިތާރާއާއެކު ހުރިން…”
“އެއްބަނޑު އެއްބަފާ ނުވިޔަސް ޔަލާއަކީ އަހަރެންގެ ކޮއްކޮއެއް… އެ ކުއްޖާގެ ހާލުފެނިފައި އަހަރެން މިހާރު ބިރުގަނޭ… ހީވަނީ ކޮންމެ ވަގުތަކު ވެސް އަބަދަށް ޓަކައި ދެ ލޯ މަރާލަފާނެހެން… ބައެއްފަހަރު ހިތަށްއަރާ އެ އަނިޔާ ލިބިލިބި އޮތުމަށްވުރެ އެ ކުއްޖާއަށް އެގޮތް ވެސް މާ ރަނގަޅުވާނެއޭ…” ލޮލުން ފައިބައިގެން ދިޔަ ކަރުނަޔާއެކު ސިތާރާ އިސްޖަހާލިއެވެ.
“އުންމީދު ކަނޑާނުލާ… ޔަލާއާއެކު އެތައްބަޔަކު އެބަތިބި… އެ އެންމެންގެ ދުޢާ ވަނީ ޔަލާއާއެކު…” ޝިޔާރުގެ ވާހަކައަށް ސިތާރާ ބޯޖަހާލިއެވެ.
ވަރުބަލިވެފައި އިންހެން ހީވުމުން އަބަދުއްރަޢޫފު ޒާލިފުގެ ގާތުން އިރުކޮޅަކަށް ވާޅު ފިލުވާލުމަށް ކިޔެވުން ހުއްޓާލިޔަސް އެންމެ ރަނގަޅު ކަމުގައި ބުންޏެވެ. އެހިނދު އެ ކޮޓަރީގައި ހުރި ރީހާން އަމިއްލައަށް ޒާލިފު ނިންމި ހިސާބުން ކިޔެވުމުގެ ހުއްދައަށް އެދުނެވެ. އަބްދުއްރަޢޫފު ބޯޖަހާލުމުން ޒާލިފު ތެދުވި ގޮނޑީގައި ރީހާން އިށީނދެ ކިޔަވަންފެށިއެވެ. ދޭތެރެއަކުން ޞާބިރާ ލައްވާ ޔަލާގެ ގައިގާ ފެންފޮތި އުނގުޅާ އެކުއްޖާ ސާފުކޮށް ވުޟޫކުރުވައެވެ. އެފަދަ ވަގުތުތަކުގައި ހުއްޓިފައި އޮވެ ވިޔަސް ޔަލާ ނިކަން ރޮއެވެ. އަޑުލައްވައެވެ. އެއްފަރާތުގައި ހުއްޓިލައިގެން ހުރި ޒާލިފު ހަށިގަނޑު އިތިކޮށް މައިބަދައާއި ކަނދުރާއަށް އަރާމެއްދޭން އުޅުނެވެ. އޭނާގެ ނަޒަރު ޔަލާއަށް ހުއްޓިފައި ހުއްޓެވެ.
އަބްދުއްރަޢޫފަށް އިމްރާނު ކިޔައިދިން ފަދައިން ޔަލާގެ ޒިންމާއާ އޭނާ ހަވާލުވިއެވެ. އަބްދުއްރަޢޫފާއި އަރީޝާ ގޮވައިގެން ޔަލާމެންގެއަށް އައީ ޒާލިފެވެ. ގޭގައި އެކަކު ވެސް ނެތްކަން އޮޅުން ފިލީ ޖެހިގެން ހުރިގޭ ރާމިޒާއާ ބައްދަލުވީމައެވެ. ޞާބިރާއާ އަބްދުއްރަޢޫފުމެން ބައްދަލުކުރީ ހޮސްޕިޓަލުންނެވެ. އޭރު ޔަލާ އޮތީ އެޑްމިޓް ކުރެވިފައެވެ. ފުރަތަމަ ފަހަރަށް ޒަލަފް ލޯބިވެގެން އިންނަން އުޅުނު ކުއްޖަކީ ކާކުކަން އަބްދުއްރަޢޫފަށް ފެނުނީ އެވަގުތުއެވެ. ޔަލާގެ ހާލު ފެނި އަރީޝާގެ ހިތް ބިރުވެރިކަމުން ފުރުނެވެ. އޭނާގެ ހަނދާންތައް މާޒީއަށް ދަތުރުކުރީއެވެ. ހައިރާންވެފައި ހުރި ޞާބިރާއަށް ހަޤީޤަތް ހާމަކުރީ އަބްދުއްރަޢޫފެވެ. އޭނާއާއެކު ހުރީ ޒަލަފް ނޫންކަމާއި އެއީ ޒާލިފުކަމެވެ. ހުރިހާ ކަމެއް ފެށިގެން ނިމެންދެން ޒާލިފު އޮޅުން ފިލުވައިދިނެވެ. ފުރަތަމަ ޒަލަފްއާއި ޔަލާ ބައްދަލުވި ދުވަހުން ފެށިގެންނެވެ. ލިބުނު ސިހުމާއެކު ޞާބިރާއަށް ބިރުވެރި ހަޅޭކެއް ލަވައިގަނެވުނެވެ. އެހިނދު ކަންބޮޑުވި ލުހާ އައިސް ޞާބިރާގެ ގައިގާ ބައްދައިގަތެވެ. އޭރު ޞާބިރާ ތުރުތުރު އަޅައެވެ.
“އަހަރެން މިއައީ ﷲގެ އިރާދަފުޅާއެކު ޔަލާ މިކަމުން ސަލާމަތްކުރެވޭތޯ… އަހަރެން އަންނާނޭކަން ޞާބިރާއަށް އޮންނާނީ އެނގިފައި” އަބްދުއްރަޢޫފު ބުނި އެއްޗެއް ޞާބިރާއަށް ވިސްނުނެވެ. ޔަލާއަށް ދިމާވެފައިވަނީ އާދައިގެ ކަމެއްނޫންކަން އެނގުމުން އެފަދަ ކަމަކަށް އަބްދުއްރަޢޫފުގެ އެހީ ހޯދަން ޖެހިފައިވާތީ ޞާބިރާ ޤަބޫލުވީއެވެ.
ޞާބިރާގެ ހުއްދައާއެކު މަސައްކަތް ފެށިތާ މިހާރު ނުވަރޭ ނުވަދުވާ ވެއްޖެއެވެ. ނަމަވެސް ކުރި ލިބޭނޭކަމުގެ ކޮޅުމައްޗެއް ނުފެނެއެވެ. ޔަލާގެ ހަށިގަނޑު ދަނީ ދުވަހަކަށްވުރެ ދުވަހެއް ނިކަމެތިވެ ވަރުދެރަވަމުންނެވެ. ސައުވީސްގަޑިއިރު ނުފެންނަ އަޒާބެއް ލިބިލިބި ހުއްޓެވެ. އަނިޔާވެރިކަމުގެ އިންތިހާއެވެ.
ނުބައިސިފަތަކުގައި ތިބި އެއްޗެހިތަކެއް މުޅި ކޮޓަރީގެ އެތަން މިތަނުގައި ބޯދިއްކޮށްގެން ތިބެނީއެވެ. ޤުރުޢާން ކިޔަވާ އަޑު އިވޭތީ އެ ފިލާ ތިބި ހޮރުތަކަކުން އެއްކޮށް ނުކުންނާކަށް ނުކެރެއެވެ. އެހެންނަމަވެސް ޔަލާގެ މައްޗަށް އެ މީހުންގެ ބާރު ގަދައެވެ. ކިރިޔާ ފުރުޞަތެއް ލިބޭއިރަށް ޔަލާގެ އެތެރެ ހަށި ކައިގަންނަން ތައްޔާރަށް އެ މީހުން ތިބެއެވެ. ބޮޑެތި ފުޅާ އަނގަތަކެއްލާފައިވާ ކަޅު ބައެކެވެ. ބޮލުގައިވާ ދަޅުތައް އެކި މީހުންގެ އެކިވަރެވެ. ރަތްކުލައިން ދިއްލިފައިވާ ދެ ލޯތަކެވެ. އަނެއްބަޔަކުގެ މޫނުގައި ދެ އަނގަހުއްޓާ ފެނެއެވެ. ތޫނުދަތްތަކުން އިރާ ކުދިކުދިކޮށްލަން ތައްޔާރަށެވެ. އެހެން ތިބޭއިރު ދޭތެރެއަކުން ނުލަފާކަން އިންތިހާއަށް ގޮސްފައިވާ އެއްޗެހިން ބިރުކަނޑާލާފައި ނުކުމެ ޔަލާގެ ގައިގާ ތަޅާ އަނިޔާކޮށްފައި ގޮސް ހޮރަށްވަދެއެވެ. އެ މީހުންގެ ހަރަކާތް އަވަހެވެ. އަނެއްބައި މީހުން ކޮންމެވެސް ގޮތަކުން ޔަލާއަށް ޖިންސީ ގޯނާ ކުރެވޭތޯ އުޅެއެވެ. އެންމެ ގިނައިން އެ މީހުން އައިސް ފައިހޫރާލާ އަޅުވާލަނީ ޔަލާގެ މޭކޮޅުގައި ނޫނީ ބަނޑުކޮޅުގައެވެ. ޔަލާގެ ހަށިގަނޑުގެ ދޮރުތަކުން ލޭ ފައިބަނީ އެ މީހުންގެ އެފަދަ އަނިޔާތަކުންނެވެ. އޭގެ ތެރެއިން ވާހަކަދައްކާ ބަޔަކު ތިއްބެވެ.
“ބަދަލަށް ބަދަލުހިފާނަން… މަރަށް މަރުހިފާނަން…” މެދުކެނޑުމެއްނެތި އެމީހުން ގޮވައެވެ.
އެހެންމީހުންގެ ލޮލަށް ނުފެންނަ ކުދިކުދި އަލިފާންކޮކާތަކެއް އަބަދު ޔަލާގެ ލޯ ކުރިމަތީ އުދުހިއުދުހި ތިއްބެއެވެ. އެތަކެތި ޔަލާގެ ލޯ ލެއްޕިޔަ ނުދީ ހިފަހައްޓައެވެ. އެހީއަށް ގޮވާކަށް ދޫ ހަރަކާތެއްނުކުރެއެވެ. ރޯން ބޭނުންވިޔަސް ދެ ލޮލުން ކަރުނަ އައުން ފިޔަވާ އިތުރުކަމެއް ނުވެއެވެ. ލިބޭ ވޭނުން ކެތްނުވާ ހިސާބަށް ދިއުމުން ކަށިންހިތްވަރު ނެރޭފަދައިން ޔަލާގެ ކަރުބުޑުން ފާޑެއްގެ އަޑެއް ނެރެވެއެވެ. އެހެންނަމަވެސް ގާތުގައި ހަރަކާތްތެރިވާ މީހުންނަށް އިޝާރާތެއްނުވެއެވެ. އެ މީހުންގެ ހަރަކާތްތައް ބަރާބަރަށް ޔަލާއަށް ފެނެއެވެ. އޭނާގެ ބުއްދި ގޯހެއްނުވެއެވެ. އިހުސާސްވުމަށް ބަދަލެއްނާދެއެވެ. ޒަލަފްގެ މަތިން ހަނދާންކުރާން އުޅޭއިރަށް މުޅިން އެހެން ޚިޔާލުތަކެއް ސިކުނޑިއަށް ވައްދާލައެވެ. އެހެންނަމަވެސް ޒަލަފްގެ މަތިން ޔަލާ ހަނދާނެއްނުނެތެވެ. ބަނޑުގައި ދަރިއަކު އޮތްކަން ވެސް ހަނދާންހުއްޓެވެ. ބެހެމަތްގެ އަނިޔާވެރިކަމުން ޒަލަފް އޭނާ ސަލާމަތްކުރި އިރު ހުރި ސިފަ ވެސް ޔަލާ ހަނދާންހުއްޓެވެ. އެހެންނަމަވެސް އޭނާގެ ހިތް އެއްބަސްނުވީ އެންމެ ކަމަކާއެވެ. ޒަލަފް ކޮންމެ ސިފައެއްގައި ހުރި ކަމުގައި ވިޔަސް އޭނާގެ މައްޗަށް އަނިޔާވެރިވެދާނެކަމަށެވެ. ބިރުވެރިކަމުގެ ތެރެއިން ވެސް ޒަލަފްގެ ދެ ލޯ ފެނުނު ހިނދު އެކަމަށް ޔަލާގެ ހިތާއި ޟަމީރު ވެސް އެއްބަސްވެފައި ވެއެވެ. އެހެންނަމަވެސް ޔަޤީންނުވަނީ ދެން އިތުރަށް ޒަލަފްއާ ބައްދަލުވެދާނެކަމެވެ. ޢާއިލާ މީހުންނާއި ދެންތިބި މީހުން ދައްކާ ވާހަކަ ޔަލާއަށް އަޑުއިވެއެވެ. ޔަލާއަށް މި ހުރިހާ އަނިޔާއެއް ކުރަނީ ޒަލަފްއާ ގުޅުން އޮތް ބައެއްކަމުގައި އެމީހުން ބުންޏެއްކަމަކު އެތަނަށް ޒަލަފް ނާންނަކީ ކީއްވެތޯ ޔަލާގެ އަމިއްލަ ނަފްސާ ސުވާލުކުރެވެއެވެ. އެންމެފަހު ނޭވާ ދޫކޮށްލަންޖެހޭނޭ ވަގުތު ގާތްވަމުން އަންނަހެން ޔަލާއަށް ހީވަމުންދާއިރު އޭނާ އެދެނީ މި ދުނިޔެއަށް ލޯ މަރާލުމުގެ ކުރީން އެ ދެ ލޮލުން ބަލާނޭ އެންމެ ފަހު މަންޒަރަކަށް ޒަލަފްގެ ސޫރަވުމެވެ.
* * * *
ޔަލާއާއި ޒަލަފް ވަކިވިތާ މަހެއްވެގެންދިޔައީއެވެ. އޭނާގެ ހާލަށް ބަދަލެއްނާދެއެވެ. ދޭތެރެއަކުން އަރާ ވަރުގަނޑު އަބްދުއްރަޢޫފަށް ލިބިފައިވާ ހުނަރާއި ޢިލްމުގެ އެހީގައި މައިތިރިކުރެއެވެ. އެހެންނަމަވެސް ޔަލާ ސަލާމަތެއް ނުކުރެވެއެވެ. އަބަދު ދެ ލޯ ހުޅުވައިގެން އޮންނާތީ ލޮލުގައި ބޭސްއަޅައި ފޮތިކޮޅަކުން ނިވާކުރިއެވެ. އެހެން އޮންނަން ވެއްޖެނަމަ ޔަލާގެ ލޮލަށް ގެއްލުމެއް ލިބިދާނޭކަން ރީހާނަށް ވިސްނޭތީއެވެ.
އެންމެންނާ އެކަހެރި ކޮށް ގޮނޑިބަރިން ގޮނޑިއެއްގައި އަރީޝާ އިށީނދެގެން އިންއިރު އޭނާގެ ނަޒަރު ޞާބިރާއާ ވަތްކެއްނުވެއެވެ. ޔަލާއަށް ވެގެން އުޅޭ ގޮތުގެ ހަޤީޤަތް އެނގުނީއްސުރެން އެ ދެ ލޮލުން ކަރުނަ ހިކޭ ވަގުތެއް އަރީޝާ ނުދެކެއެވެ. ދަރިފުޅަށްޓަކައި އެ މައިމީހާގެ ކެތްތެރިކަން ކޮޅުންލަމުން ދާކަން އަރީޝާ ދެނަހުއްޓެވެ. އޭނާގެ ހާލު ފެނި އަރީޝާގެ ހިތަށް ވެސް ވަރަށް ބޮޑަށް އަސަރުކޮށްފައިވެއެވެ. އެހެންނަމަވެސް އޭނާގެ ނަފްސު ވަށައިގެން ކުށްވެރިކަމުގެ އިހުސާސްތަކުން ބޯ ފާރެއް ލެވިފައި ވާ ކަހަލައެވެ. ހަމްދަރުދީއާއި ހިތްވަރުގެ ބަހެއް ވެސް ބުނެލަން ނުކެރިފައި އެހެންމީހުނާ އެކަހެރިވެލައިގެން އިނުމަށް މަޖުބޫރުވެފައި އަރީޝާ އިނީ އެހެންވެއެވެ.
“އަހަރެންގެ ޒަލަފްއަކީ ގޯސްކުއްޖެއްނޫން… އެ ދަރިފުޅު އިންސާނަކަށްވީނަމަ… އެ ދަރިފުޅު އިންސާނަކަށްވީނަމަ…” އުނގުގައި ބާއްވާލައިގެން އިން ދެއަތްތިލަ ޖޯޑުކޮށްގެން އިނދެ ދޭތެރެއަކުން ދެއަތްތިލަ ބާރުކޮށްލައެވެ. އެ ހުރިހާ އިރު އަރީޝާގެ ހިތުގައި ވަނީ އެންމެ ރިހުމެކެވެ. އެންމެ ޝަކުވާއެކެވެ. ޒަލަފް އިންސާނަކަށް ނުވާންވީ ކީއްވެހެއްޔެވެ. ލޮލަށް ފެންނައިރު އެ ދަރިފުޅުގެ ގައިގާ އުނި އެއްވެސް ސިފައެއްނެތެވެ. ލޮލުން ވެއްޓުނު ކަރަނަތިކި ކޯތާފަތުން ފައިބައިގެން ދިއުމުގެ ކުރީން އަވަސް އަވަހަށް އަރީޝާ މޫނު ފުހެލިއެވެ. އޭނާ ނުރޯން ހިތްވަރުކުރިއެވެ.
“ޒާލް…. ދެން އަންނަން އުޅޭ… އައި އޭމް ސޮރީ… ޔަލާ އެހާލުގައި ވާތަން ދުށުމަށް އަހަންނަކަށް ކެތެއްނުވާނެ… ޒަލަފް… ކޮންތާކުތަވީ… ތި ހުރި ތަނަކުން އަންނަން އުޅޭ… އައިސް ޔަލާ ގޮވައިގެން މިތަނުން ދޭ… އެންމެނާ ދުރަށް އޭނާ ގެންދޭ… އޭނާއަށް ބޭނުންވަނީ ހަމައެކަނި ޒަލަފް… އެ ލިބޭ ވޭނުން އޭނާ ސަލާމަތް ކުރެވޭނީ ވެސް ހަމައެކަނި ޒަލަފްއަށް… ތި ހުރިތަނަކުން އާދޭ… އެހެންނޫނީ މާ ލަސްވެދާނެ… ޔަލާގެ ފުރާނަނެތް މަސްގަނޑާ ހަވާލުވާން ޖެހިދާނެ… އެއީ ޒަލަފް ބޭނުންވާ ގޮތެއްނޫންކަން އަހަންނަށް އެނގޭ… އަހަންނަށް މާފުކުރޭ… ޒަލަފްއާއި ޔަލާ ގުޅުމުގެ ކުރީން އެ ދެމެދަށް އަހަންނަށް ވަދެވިއްޖެ… މިހެން ވާނެއެކޭ ހިތަކަށް ނާރާ… ތީ އަހަންނާ އެއްރަހިމެއްގައި ވީ އަހަރެންގެ ބޭބެ… އަހަންނަށް ނުލިބޭ އެތައް ބާރެއް ޒަލަފްއަށް ލިބިގެންވޭ… އަހަރެންގެ މި އަޑު އަހާބަލަ… ކޮންމެތާކު ހުރި ނަމަވެސް ޔަލާގެ ގާތަށް އަންނަންވީ ވަގުތު ޖެހިއްޖެ…” ކޮޓަރީގެ ކަނުގައި ހަޝަމްބަދެލައިގެން ކަހަލަ ގޮތަކަށް ފާރުގައި ލެނގިލައިގެން ހުރެ އެނދުގައި އޮތް ޔަލާއަށް ބަލަހައްޓައިގެން ހުރި ޒާލިފުގެ ޟަމީރު ވާހަކަދެއްކިއެވެ. އާދައިގެ މަތީން އޭނާ ތެދުވީ ވާޅަކަށް ދެމިލާށެވެ. އޭނާގެ ބަދަލުގައި ރީހާން ކިޔަވަމުން އޭރު ދިޔައެވެ.
(ނުނިމޭ)