HEEVEY KALAA VAAHEN [EP-12]

( ހީވޭ ކަލާ ވާހެން، މި ވާހަކައަކީ 8 މެއި 2016 އިން 29 ޑިސެމްބަރ 2017 އަށް ޖުމްލަ 89 އެޕިސޮޑްގެ ގޮތުގައި ވީނިއުސްގައި ޝާއިރު ކުރެވުނު ވާހަކައެއް. )

ޔާލާ ބަހައްޓާފައި ޒަލަފް އެއްފަރާތަކަށް ހިނގައިގަތެވެ. ޔަލާ ބަލަބަލާ ހުއްޓާ އޭނާ އެތަނުގައި ހުރި ރުކަކަށް އަރަން ފެށިއެވެ. ހަލުވިވެފައި ހަރަކާތް އަވަސްކަމުން ވީނުވީއެއް ޔަލާއަކަށް ނޭނގުނެވެ. ބަންލާފައި ދެ ފަންގަނޑު ކަނޑައިގެން ގޮސް ބިންމައްޗަށް ވެއްޓުނު އަޑަށް ޔަލާ ދެ ކަންފަތުގައި އަތް އެޅިއެވެ. ދެ ލޯ މާރާލާފައި ހުޅުވާލި އިރު އެ ފަންގަނޑު ކޮނޑަށް ލައިގެން ޒަލަފް އަތިރި މައްޗަށް ފައިބައިފިއެވެ. އަތުގައި އޮތް ވަޅިން އޮށިގަނޑާއި ފަންތައް ވަކިކޮށް ތޮށަލި ވިޔާ ގޮތަށް އެ ފަންތައް ވިޔުނީ ދާދި ކުޑަ ހިނދުކޮޅެއްގެ ތެރޭގައެވެ. ބަސްހުއްޓި އަނގަ ހުޅުވިފައި ޔަލާ ހުއްޓާ ފެނި ޒަލަފް ނިކަން ބާރަށް ހޭންފެށިއެވެ.

“އަހަންނަށް މިފެންނަ މަންޒަރެއް ޤަބޫލެއް ވެސް ނުކުރެވޭ” އަޖައިބުވެފައި ހުރެ ޔަލާ ބުންޏެވެ. އޭނާގެ ސުވާލުތަކަށް ޒަލަފް ޖަވާބު ދިނީ އިތުރު ހުނުންތަކަކުންނެވެ.

ބިންމަތީގައި ވިޔެފައި އޮތް ފަންގަނޑު ފަތުރާލުމާއެކު ރުއްދޮށުގައި ބަހައްޓާފައި ހުރި ޕިކުނިކު ކޫލަރު ހިފައިގެން އައިސް އެއިން ފެހިކުލައިގެ ރަޖާގަނޑެއް ނަގާ ފަންގަނޑު މަތީ ފަތުރާލިއެވެ. އަދި އޭގައި އިށީނުމަށް ޔަލާއަށް އިޝާރާތްކޮށްލިއެވެ.

އަރައިގެން ހުރި “ބެއިޖް ހީލްސް” ބާލާ އެއްފަރާތުގައި ބަހައްޓާލުމާއެކު ޒަލަފްގެ އަތުގައި ހިފާލައިގެން ޔަލާ ރަޖާމަތިގައި އިށީނެވެ. އެވަރުން އަދި ޒަލަފް ނިންމާލީކީ ނޫނެވެ. ޔަލާ ހަމަޖެހިލުމުން ކޮންތާކުން ކަމެއް ވެސް ނޭނގެ ފެނުނީ ދެ ކުރުނބާ އަތަށް ލައިގެން އައި ތަނެވެ. މީގެ ކުރީން ވަޅިއަކާ ނުލާ ކުރުނބާ ހަދާތަނެއް ޔަލާ ނުދެކެއެވެ. ނަމަވެސް އޭނާގެ ގާތުގައި އިން ޒަލަފް ދާދި ފަސޭހަކަމާއެކު ކުރުނބާ ހަދަމުން ދިޔައީ އެއްވެސް ހަތިޔަރަކާ ނުލާ އޭނާގެ ދެއަތުންނެވެ.

“އޯ މައި ގޯޑް… ޒާލް… ކިހިނެއް ތި ހުރިހާ ކަމެއް ކުރާން ދަސްކުރީ… ސީރިއަސްކޮށް އަދި ނުދެކެން ތިގޮތަށް ކުރުނބާ ހަދަނިކޮށް” ހިތްއަވަސް ވެފައި އިން ޔަލާގެ ކޮންމެ ޝޯހުވުމަކަށް ޒަލަފް ބަދަލުދެނީ ހީނލުމަކުންނެވެ.

ކޫލަރަށް އަޅައިގެން ޒަލަފް ގެނައި އެއްޗެއް ބަލަން ޔަލާ ބޭނުންވި ނަމަވެސް އޭނާއަށް އޭގައި ހުރި އެއްޗެއް ޒަލަފް ނުދެއްކިއެވެ. ބުނަމުން ދިޔައީ ހުރިހާ ކަމަކީ ވެސް “ސަޕްރައިޒެއް” ކަމަށެވެ. ޒަލަފް މިހާ “ރޮމޭންޓިކު” ވެދާނެކަމެއް ކުރިއަކުން ޔަލާއަކަށް ނޭނގެއެވެ. އެ ދެމީހުން ބޭރުން ބައްދަލުވަނީ ވެސް އެހާ މަދުންވިއްޔާއެވެ. ބައްދަލުވާ ފަހަރަކު ވެސް އަތިރިމަތީ ހިނގާލުން ފިޔަވައި މިހާތަނަށް މާބޮޑު ޚާއްޞަ ކަންތައްތަކެއް ނުހިނގައެވެ.

“ކުރުނބާ ބޯލީމައި ގައިގާ ވަރުޖެހޭނެ” ޔަލާއަށް ކުރުނބާއެއް ދިއްކޮށްލަމުން ޒަލަފް ބުންޏެވެ. އޭނާގެ ސިކުނޑީގައި ޔަލާއާއެކު ކުރުމަށް އެތައްކަމެއް ރާވާލާފައި އޮތް ކަހަލައެވެ.

ކުރުނބާ އެއްކޮށް ޔަލާއަށް ނުބޮވިފައި އަތަށް ލައިގެން އިންނަން ފެށުމުން ޒަލަފް އެ ކުރުނބާ ޔަލާގެ އަތުން އަތުލާ އެއްފަރާތުގައި ބަހައްޓާލުމާއެކު އޭނާގެ އަތުގެތެރެއަށް ޔަލާ ގެނެސް ލިއެވެ. ދެއަތުން ޔަލާ ހިފަހައްޓާލައިގެން އޭނާގެ ބޮލުގައި ޒަލަފްގެ ކޯތާފަތް ޖެހޭނޭހެން އިނެވެ. ޒަލަފްގެ އެ ޢަމަލުން ޔަލާގެ ތުންފަތުގައި މަޢުނަވީ ހިނިތުންވުމެއް ދުވެލިއެވެ. ދެ ޒުވާނުންގެ ނަޒަރު ކުރިމަތިން ފެންނަން އޮތް މޫދަށް ހުއްޓާލައިގެން ތިއްބެވެ. އިރުގެ އަލިން ލޮނުގަނޑުމަތިން ދަޅައަޅަމުން ދާއިރު މަޑުނޫކުލައިގެ ފަށުވިފޮތިގަނޑެއްގެ މައްޗަށް ޖަވާހިރުތަކެއް އުކާލާފައިވާ ކަހަލައެވެ.

“މިއީ އަދި ކުޑަމިންވަރެއް… އަހަރެން ޔަލާއާއެކު މުޅި ދުނިޔޭގައި ވެސް ބުރުޖަހާހިތްވޭ… އެންމެހާ ރީތި ތަންތަނަށް ޔަލާ ގޮވައިގެން ދާން ބޭނުން… އެންމެނާ ދުރަށް ގެންގޮސް ހަމައެކަނި އަހަންނަށް ފެންނަ ހިސާބުގައި ބަހައްޓަފާނަމޭ ވެސް ހިތަށް އަރާ… މި ދުނިޔެއިން ޔަލާ ގެއްލުވާލާ އަހަރެންގެ އަމިއްލަ ދުނިޔެއަކަށް ޔަލާ ގެންދަން ބޭނުންވަނީ… ބުނެބަލަ… ޔަލާ އަހަންނާއެކު އެފަދަ ދުނިޔެއަކަށް ދާނަންތަ؟” ޔަލާގެ ކޮނޑާއެކު އަތުގައި ފިރުމަމުން ޒަލަފް ވާހަކަދެއްކިއެވެ. ޒަލަފްގެ މެޔާއި ޔަލާގެ މޫނު ދުރުކޮށްލާފައި ޒަލަފްގެ އެ އާދަޔާ ޚިލާފު ދެ ލޮލަށް ނަޒަރު ހުއްޓާލައިގެން އިނދެ ނިކަން އަވަސް އަވަހަށް ބޯޖަހާލީ އާނއެކޭ ބުނުމުގެ ގޮތުންނެވެ.

“އެކަމަކު އެއީ ކިހިނެއްވާނޭ ކަމެއް… ޔަޤީނުން ވެސް ހުވަފެނެއްގައި ނޫނީ އެހެން އެކަމެއް ނުވާނެ” އަނެއްކާ ވެސް ޒަލަފްގެ މޭގައި ލައްވެލަމުން ޔަލާ ބުނެލިއެވެ.

“އަހަންނަށް އެފަދަ ބާރެއް ލިބިފައިވެޔޭ ބުނެފިއްޔާ ޔަލާ ޤަބޫލުކުރާނަންތަ” ޒަލަފް މިހެން ބުނުމާއެކު ޔަލާ ފެށީ ހޭށެވެ.

“އޯކޭ… އޯކޭ… ސުޕަރ ހީރޯ…” ޔަލާގެ ޢަމަލުތައް ހުރި ގޮތުން ޒަލަފް އެ ބުނި އެއްޗެއް ސީރިއަސްކޮށް ޔަލާ ނުނެގިކަން އޭނާއަށް އެނގުނެވެ. ހަމައެއާއެކު އޭނާ އެފަދަ ވާހަކަދައްކަން ފަށައިފިނަމަ ޔަލާއަށް ވާނީ ބުއްދި ޤަބޫލުނުކުރެވޭ ވާހަކަތަކެއް ކަމުގައެވެ. ހެކި ދައްކައިފިނަމަ ޔަލާ ބިރުގަތުން ގާތެވެ. އެހެންވެ ފާޑަކަށް ތުންފިއްތާލާފައި ވެސް ހަށިފުރާލީ ނޭވާއާއެކު ޒަލަފް ގެންގުޅުނު ޚިޔާލުތައް ސިކުނޑިން ބޭރުކޮށްލިއެވެ.

ޒަލަފްގެ އަތުތެރޭގައި ވަގުތު ހޭދަކުރަމުން ދިޔަ ޔަލާއަށް ތަފާތު އުފާވެރިކަމެއް އިހުސާސް ކުރެވެމުންދިޔައެވެ. މަޑުމަޑުން އިރުއޮއްސެން ކައިރިވަމުން އަންނަ ކަމުގެ ނިޝާންތައް އުދަރެހުން ފައުޅުވާން ފެށިއެވެ. ހިޔާއަރައި ކުރިން ވިދަވިދާ އޮތް މޫދު ވެސް ފަނޑުވެއްޖެއެވެ. އަދި ދިޔަ ވަރު ބޮޑުވަމުން އަންނާތީ ގޮނޑިދޮށަށް ބީއްސާލާ ރާޅުތައް ބޮޑެތިވަމުން އައެވެ. ޔަލާ ފިނިވެގެން އުޅޭތީ އޭނާ ގެނެސް އުނގަށްލައި ވަށައިގެން ޔަލާގެ ގައިގާ ޒަލަފް ބައްދާލައިގެން އިންއިރު ޔަލާގެ ހަށިގަނޑުގައި ތަފާތު ހޫނުކަމެއް އުފެދެން ފެށިއެވެ. އެހާ ގާތުން ޒަލަފްގެ ހޫނު ނޭވާ ކަނދުރާއާއި ކޯތާފަތަށް އިހުސާސްކުރެވެމުން ދިޔައިރު އިހުނަށްވުރެ ޒަލަފްއާ ގާތްވެލަން ޔަލާ ބޭނުންވިއެވެ. ޒަލަފްއާ ދިމާއަށް އުނަގަނޑުން މަތި ކުޑަކޮށް އަނބުރާލުމާއެކު އޭނާގެ ކަނދުރާގައި ދެ އަތް އަޅުވާލުމާއެކު ކަރުދޮށުގައި ޔަލާގެ މޫނު ފޮރުވާލިއެވެ.

“އައި ލަވް ޔޫ ޒާލް…” ވައި އަޑުން ޔަލާ ބުންޏެވެ. ޔަލާއަށްވަނީ ކިހިނެއްކަން ޒަލަފްގެ ހުށިޔާރު ސިކުނޑިއަށް ދެނެގަންނަން ގިނައިރެއްނުނެގިއެވެ.

“މޫދަށް އެރޭނެންތަ؟” ސިއްރުސިއްރުން ޔަލާގެ ކަންފަތް ދޮށުގައި ޒަލަފް އަހާލިއެވެ.

“މީ އޮފީސް އެއްޗެހި… ތެމިގެން ގެޔަށް ދިޔައީމަ މަންމަ ސުވާލުކުރާނެ…” އިން ގޮތަށް އިނދެ ޔަލާ ވެސް ވާހަކަދެއްކީ މަޑުމަޑުންނެވެ.

“ޔަލާ ހިތްއެދޭ ކަންތައް ކުރުމުގެ ހުއްދަ އަހަންނަށް ދީބަލަ… ދެން އެހެން ކަންތައްތަކާ ނުވިސްނާ” މަސްތީ ގޮތަށް ޔަލާގެ ކަންފަތްދޮށުގައި މިހެން އޭނާގެ ކަންފަތު ފޫޅުގަނޑުގައި ޒަލަފް ދަތްއަޅާލިއެވެ. އެއާއެކު އޭނާ ލައިގެން އިން ގަމީހުން ބައެއް ޔަލާގެ އަތުގެ ތެރެއަށް ބޮޑިވެގެންދިޔައެވެ.

“އެއްވެސް އިރަކު އަހަރެން ޒާލްއަށް މަނައެއްނުކުރަމެއްނު…”

“ތިހެދުން މިތާ ބަހައްޓާފައި އަހަންނާއެކު ދާން ކެރޭނެތަ” ޒަލަފް މިހެން ބުނުމާއެކު ޔަލާ ލަދުން އިތުރަށް މޫނު ފޮރުވާލިއެވެ. އަދި ދެފަރާތަށް ބޯހޫރަންފެށިއެވެ.

“ކިހިނެއްވީ؟ މީހަކަށް ފެނިދާނެތީތަ؟… މިހިސާބަށް އެކަކަށް ވެސް ނާދެވޭނެ… އެކަމާ ޔަލާ ކަންބޮޑުނުވެބަލަ… އަހަރެން ހުރިހާ އިރަކު މިހިސާބަށް މީހަކަށް އަންނާކަށް ނުވެސް ކެރޭނެ…” ވަރަށް ޔަޤީންކަމާއެކު ޒަލަފް ބުންޏެވެ.

“މިވަގުތުކޮޅު ވަރަށް ޚާއްޞަވާން އަހަރެން ބޭނުން…” ޔަލާގެ ކޯތާފަތުގައި ބޮސްދީފައި ޒަލަފް ބުންޏެވެ. އަދި އޭނާއަށް ޔަލާ ބަލަން އިންގޮތުން އަމިއްލަ ނަފްސު ނުހިފެއްޓި ޔަލާގެ ކޯތާފަތުގައި ދެއަތުން ހިފާލުމާއެކު އެ މަޑުމަޑު ތުންފަތުގައި ޒަލަފް ބޮސްދިނެވެ.

“އަހަރެން ދުވަހަކު ވެސް ހިޔެއްނުކުރަން މީހަކުދެކެ މިވަރަށް ލޯބިވެވިދާނެއެކޭ” ހިނިތުންވެލައިގެން އިން ޔަލާ މަޑުމަޑުން ޒަލަފްގެ މޫނުގައި އޭނަގެ ކަނާތު އިނގިލިތައް ބީއްސާލިއެވެ.

“އިރުއޮއްސެން ދެން ނެތެއްނު ގިނައިރެއް… އަނދިރިވެލީމާ އަހަރެންގެ އަތުގެތެރޭ ޔަލާ ފޮރުވާލައިގެން ގެންގޮސް މޫދަށް ލާނަން… އޭރުން ދެން ނުކެރޭނެ ޔަލާއަށް އަހަންނާ ދުރަށް ދާކަށް… އޭރުން ބޭނުންވާނީ މިހާރަށްވުރެ ވެސް ކައިރީގައި ހުންނަން” ޒަލަފް ލާނެތް ގޮތަކަށް ހީނލިއެވެ.

އެ ދެމެދުގައި މަސްތުކުރުވަނިވި އެތައް ވާހަކައެއް ދެކެވެމުންދިޔައެވެ. ލޯބީގެ ސަމާސާތައް ކުރެވެމުންދިޔައެވެ. ފަޒާގެ ތެރޭ ދޭތެރެއިން ޒުވާން ލޯބިވެރިންގެ ލާނެތްކަން އެކުލެވިފައިވާ ހުނުމުގެ އަޑު ގުގުމާލައެވެ. ޒަލަފް ބުނިހެން އެ ހިސާބުގައި ވެސް ދިރޭ އެއްޗެއްގެ ކުޑަ ހިލަމެއް ވެސް ނުވެއެވެ. ގޮނޑުދޮށުން ބަރަވެއްޔެއް ކީއްކުރަން ކިރުކަކުންޏެއްހާ ހިސާބު ވެސް ދުވެނުލައެވެ. މުޅި މާޙައުލު ފާޑަކަށް ހިމޭންވެފައި އޮތް ކަހަލައެވެ.

ދުނިޔެމައްޗަށް އަނދިރިވަމުން ދިޔައިރު ރަޖާގަނޑު މަތީ ދެ ޒުވާނުން އޮށޯވެލައިގެން ތިއްބެވެ. ޒަލަފްގެ ބީހުންތަކުން ޔަލާގެ ހިތް އަވަސްވެފައިވެއެވެ. ކޫލަރުގެ ތެރެއިން ނެގި ބެޑުޝީޓު ޔަލާގެ ގައިމަތީ ޒަލަފް އަޅާލިއެވެ. އަދި ޒަލަފްގެ ދެ ލޯ ޔަލާއަށް ހުއްޓިފައި ހުރިއިރު ބެޑުޝީޓުގެ ދަށުން އޭނަގެ އަތް ހަރަކާތްކުރަމުންދިޔައެވެ. ދޭތެރެއަކުން ހީލިއަރައިގެން ޔަލާ ހީނލައެވެ.

“ހިނގާދާން…” ޒަލަފް ކުރުއަތްމައްޗަށް ތެދުވެލުމާއެކު ބުންޏެވެ. ލަދުން އޮތް ޔަލާ އޭނާގެ ހަށިގަނދުގެ ވަށައިގެން ޒަލަފް އަޅައިދިން ބެޑުޝީޓު އޮޅާލާ ހަރުކޮށްލީ އޭނާގެ ހާމަވެފައި ހަށިގަނދު ނިވާކުރުމަށެވެ. ލައިގެން ހުރި ގަމީސް ހަށިގަނޑާ ވަކިކޮށްލުމާއެކު ޒަލަފްގެ އަތްދަނޑިމައްޗަށް ޔަލާ އުފުލާލިއެވެ. ދެ ޒުވާނުންގެ ސަކަރާތުގެ އަޑުފަށްގަނޑުން މުޅިފަޒާ ގުގުމައިގެން ދިޔައެވެ. ދުވަމުން އައިސް ކަނދުފަތިމަތީ ޔަލާ ބޭންދުމާއެކު އަވަސް އަވަހަށް ވާގަނޑު މޮހާލުމާއެކު ކަނދުފަތި މައްޗަށް ޒަލަފް އެރިއެވެ. އަދި ވައަތުފައި ލޮނުގަނޑުގެ ތެރެއިން ވެލިގަނޑުގައި ޖައްސާލުމާއެކު ކުރިއަށް ވާގޮތަށް ކަނދުފަތި ކޮއްޕާލިއެވެ. އެއާއެކު ހީވީ މީހަކު އެ ކަނދުފަތު ދުއްވާލިހެނެވެ. ފަރިތަކަމާއެކު ޒަލަފް އައިސް ކަނދުފަތީގައި ޔަލާ ބާއްވާލިއެވެ.

އަނދިރިކަން ވެރިވެގެން ގިނަ އިރެއް ނުވަނީސް ރޭގަނޑުގެ ވެރިޔާ ފައުޅުވެއްޖެއެވެ. ރިހިއަލިން ލޮނުގަނޑު ޖަރީކުރިއިރު ދިރޭރަހަ ދުވާ ކަހަލައެވެ. ޒަލަފް ބުނި ފަދައިން އެރޭގެ ހުރިހާ ކަމެއް ޚާއްޞަވެއްޖެއެވެ. އެހެން ފަހަރުތަކަށްވުރެ ޒަލަފް ވެސް ތަފާތުވެފައި ހުރިހެން ޔަލާއަށް ހީވިއެވެ. ގައިގޯޅިވަމުން ދިޔައިރު ޒަލަފްގެ ދެލޯ ހުރީ ދިއްލިފައިހެން ވެސް ޔަލާއަށް ހީވިއެވެ. ދުރުން ފެންނައިރު އެކަތިގަނޑެއްހެން ތިބި ދެ ޒުވާނުން ހަމަ ވިސްނުންގެއްލި ދުނިޔެއިން ބޭރުވެފައިވާ ކަހަލައެވެ. ހަނދުވަރުގެ އަލީގައި ޒަލަފްގެ ރީތިކަން ވަކިން އިތުރުވެފައިވާ ކަހަލައެވެ. އެ ހަށިގަނޑުގައި އެކިވަރުވަރަށް ހުރި މަސްތަކުގައި ދާތިކިތައް ވިދަވިދާ ހުއްޓެވެ. އޭނާގެ ފުންވެފައިވާ ނޭވާ ވަނީ ޔަލާގެ ނޭވާއާ ގުޅިލާމެހިފައެވެ. އެހެން ތިއްބާ ކުއްލިއަކަށް ވީގޮތެއް ނޭނގެއެވެ. ޒަލަފް ދިޔައީ ސިއްސައިގެންނެވެ. ފަހަތަށް ވާގޮތަށް ކުޑަކޮށް ބޯއަނބުރާލަމުން ގޮނޑިދޮށަށް އޭނާ ބަލާލިއެވެ. އެއާއެކު ޔަލާގެ ގައިގާ ބައްދާލައިގެން އޮވެ ފުރޮޅިލާފައި ލޮނުގަނޑުގެ ތެރެއަށް ޖެހިގަތެވެ. ދެ ޒުވާނުން އެކުގައި އަޑިއަށް ދިއުމަށްފަހު ނިކަން އަވަހަށް މައްޗަށް އެރިއެވެ. ކުޑަކުއްޖަކު އުރާލައިގެން ހުރި ފަދަ ގޮތަކަށް ޔަލާގެ ދެފައި ޒަލަފްގެ އުނަގަނދުގައި އަޅުވާލައިގެން ދެއަތުން އޭނާގެ ކަނދުރާގައި ހިފަހައްޓާލައިގެން އިންއިރު ޒަލަފް ހުރީ ސީދާ ތެދަށް ޔަލާގެ އުނަގަނޑުގައި ހިފާ ގަޔާލާ ބާރުކޮށްލައިގެންނެވެ. މޫނުމަތިން ނުރުހުމުގެ އަސަރުފައުޅުވަމުން ދިޔަ ޒަލަފް އޭނާގެ މޫނު ނުދެއްކުމަށް ޔަލާގެ ބޮލުގައި ހިފާ އޭނާގެ ކޮނޑުގައި ބާއްވާލިއެވެ. އަދި ދުރުމިއަކުން ބަލާލާ ފަދަ ގޮތަކަށް ގޮނޑުދޮށަށް ބަލާލި ޒަލަފްގެ ކަޅީގެ ރަތްކަން އިހުނަށްވުރެ ގަދަވެގެންދިޔައެވެ.

ރުއްތަކުގެ ތެރެއިން ފައުޅުވެފައި ހުރި ހުދު އައްޔެއް ހުއްޓެވެ. އެ އަލި ކައިރިއެއްވެސް ނުވެއެވެ. ވަކި އެތަނުން ދާކަށް ވެސް ނޫޅެއެވެ. ޒަލަފް ރުޅި އައީ އެއީ ކާކުކަން އޭނާއަށް އެނގުމުންނެވެ. ބޭއިޚްތިޔާރުގައި ކުރެވުނު ކަމަކުން އޭނާގެ ވަށައިގެން މޫދުގައި ބާނިތަކެއް އުފެދެން ފެށިއެވެ. އެކަން ލޯމަރާލައިގެން ޒަލަފްގެ ގައިގާ ބައްދާލައިގެން ހުރި ޔަލާއަކަށް އިހުސާސެއްނުވެއެވެ. ނުފެނުނު ނަމަވެސް ޒަލަފް ދިޔައީ ކަމެއް ކުރަމުންނެވެ. އެހެންނަމަވެސް ދުރުގައި އެ ހުރި މީހަކަށް އެއްވެސް ކަމެއް ވާހެނެއް ހިޔެއްނުވެއެވެ. އެކަމާ އިންތިހާއަށް ޒަލަފް ހައިރާންވިއެވެ. އިރުކޮޅަކު އެ އަލިކަން ހުރެފައި ކުއްލިއަކަށް ހީވީ މުޅި ފަލަކު އަލިކޮށްލި ހެނެވެ. ވިދުވަރެއްހެން އެއަލި ކަނޑައިގެން ދިޔައީ ކަމެއް މުޅިތަނަށް ފެތުރުނީކަމެއް ނޭނގެއެވެ. އެއާއެކު އިހު އޮތްހެން މުޅި މާހައުލު އަމާންވެއްޖެއެވެ. ޒަލަފްއާއި ޔަލާ އެ ތަނުގައި އެކަނިވެއްޖެއެވެ. އެކަމާ ފިކުރު ހިންގަމުން ދިޔަ ޒަލަފްގެ ސިކުނޑީގެ ބާރު ކަނޑުވާލީ އޭނާގެ ގައިގާ އޮޅުލައިގަނެގެން އޮތް ޔަލާއެވެ.

އެއްގަމަށް އަރައިގެން އައިސް ރަޖާމަތީ ޔަލާ ބަހައްޓާފައި ކޫލަރުތެރޭގައި އޮތް ތުވާޔެއްނަގާ އޭނާއަށް ޒަލަފް ދިއްކޮށްލިއެވެ. ހިނިއައިސްފައި ހުރެ ފުރަތަމަ ވެސް އިސްތަށިގަނޑު ހިއްކާލުމާއެކު އަތްފައި ހިއްކާލިއެވެ. އަދި މަޑުމަޑުން ރަޖާ މަތީ ހުރި އަންނައުނުތައް ލާން ފެށިއެވެ.

“ޒާލް… ޕްލީޒް… އަހަރެންގެ މަންމައާ މީޓުކުރަން އަންނާނެ ދުވަހެއްބުނޭ… އަހަރެން ބޭނުންވަނީ ޒާލްއާ މެރީކޮށްގެން މިގޮތަށް އުޅެން… އޭރުން ސޭފްވާނީ ވެސް” އަތުކުރީ ގަޑިއަޅާލުމާއެކު އަތްދަބަހުގެ ތެރެއިން ނެގި ބޮޑީސްޕްރޭ ފުޅި ގަޔަށް ޖަހާލަމުން ޔަލާ ވާހަކަދެއްކިއެވެ. އޭރު ކޮނޑުގައި އޮތް ސޯޓު ބުރި ޒަލަފް ފޮޅާލަނީއެވެ. އަދި ވެލިއެޅިފައި އޮތް އޭނާގެ ގަމީސް ވެސް ނަގާ ދުރަށް ފޮޅާލިއެވެ.

“ލޯބި ބުނޭ ދުވަހެއް…” ހިތްހަމަޖެހިފައި ހުރި ޒަލަފް ބުންޏެވެ.

“މަންމަ ބުނަނީ ފްރައިޑޭ ކިހިނެއްހޯ ވާނީ… ޒާލްއަށް އޯކޭތަ ފްރައިޑޭ” ބޯއަރިކޮށްލައިގެން ޒަލަފްއަށް ބަލަން ހުރި ޔަލާ ބުންޏެވެ.

“ރަނގަޅުވާނެ…” ޒަލަފް އެއްބަސްވިއެވެ. އެއާއެކު ޔަލާ އައިސް އޭނަގެ ގައިގާ އޮޅުލައިގަނެއްޖެއެވެ. އުފަލުންނެވެ.

“ތިވަރަށް އަހަންނަށް ލޯބިދީފައި ޒާލް ދުރަށް ހިނގައްޖެއްޔާ އަހަރެން މޮޔަވާނެކަން ޔަޤީން… މިހާރު ވެސް މިހުރީ ފާޑަކަށް މޮޔަވެފައި” ޒަލަފްގެ ގައިން ދޫކޮށްލަން ބޭނުންނުވެފައި ހުރެ ޔަލާ ބުންޏެވެ. ނަމަވެސް ދުރަށް ޖެހިލީ އޭނާގެ ދެއަތުގައި ހިފާ ޒަލަފް ދުރުކޮށްލުމުންނެވެ.

“ޔަލާ… އަހަރެން ދައްކާ ވާހަކަ ވަރަށް ރަނގަޅަށް އަޑުއަހައްޗޭ… ޔަލާއަށްވުރެ އަހަރެން ލޯބިވާނެ އެހެން އެއްވެސް މީހަކުނެތް… އަހަރެންގެ ހަޔާތަށް ޔަލާ ނޫން އެއްވެސް އަންހެންކުއްޖަކު ނުގެންނާނަން… އެކަމަކު މުސްތަޤުބަލިގައި ވާނޭ ގޮތެއް އެއީ އެކަކަށް ވެސް އެނގޭނޭ ކަމެއްނޫން… އަހަންނާ ޔަލާ ވަކިވާން ޖެހުނަސް…” ޒަލަފްގެ ވާހަކަ ކުރިއަށް ނުގެންދެވުނީ ޔަލާ އޭނާގެ އަނގަމަތީ އަތްއަޅާއި ވާހަކަދައްކަން ފެށުމުންނެވެ.

“ނޫން! ތިހެން ނުބުނޭ… އިރާދަކުރެއްވިއްޔާ އަހަރުމެން ދެމީހުން ވަތްކެއް ނުވާނެ… ވަރަށް އަވަހަށް މެރީކޮށްގެން ހެޕީ ލައިފެއް ލިބޭނެ… ދެން އަހަރުމެން ކިޑްސް ހޯދާނީ… ޒާލް ކަހަލަ އަޖައިބުތަކުން ފުރިފައިވާ ލޯބި ލޯބި ބޭބީއެއް…” ޔަލާގެ ވާހަކަތަކުން ޒަލަފް ހިނިތުންވެލިއެވެ. ނަމަވެސް އެ ހިނިތުންވުމުގައި ރިހުން އެކުލެވިފައި ވިއެވެ. ޔަލާގެ ބޮލުގައި ފިރުމާލީ އޯގާތެރިކަމާއެކުއެވެ. ޔަލާގެ އުންމީދުތަކުގެ މަޢުޞޫމުކަން ޒަލަފްގެ ހިތަށް ވެރިވެގެން ދިޔައެވެ. އެހިތުގައި މަޑު ރިހުމެއް އުފެދިގެންދިޔައީ އެހެންނެވެ. ހަޤީޤަތް ޔަލާއަށް ވަންހަނާވެފައި ވާތީއެވެ.

“ޔަލާ… ތިހެން ތިގޮތަށް ވުން އަހަރެން ވެސް އެދެނީ… އެކަމަކު އަހަރެން މިބުނާ ވާހަކަ ވެސް އަޑު އަހާބަލަ… އަހަރެން ސަބަބަކާ ނުލާ ޔަލާއާ ވަތްކެއްނުވާނަން… ޔަޤީނުން ވެސް ޔަލާގެ އުފަލާއި ރައްކާތެރިކަމަކަށްވުރެ އަހަރެން އިސްކަންދޭނެ އެހެންކަމެއް ނޯންނާނެ… އެފަދަ ދުވަހެއް މެދުވެރިނުވުން އެއީ އަހަރެންގެ ހިތުގެ އެންމެ ބޮޑު އެދުން… ދެ މީހުން ދުރުގައި ތިއްބަސް ޔަލާ ހަނދާންކުރާތި އަހަރެން އަބަދުވެސް ޔަލާދެކެ ލޯބިވާނެކަން… އަދި ފެންނަން ނެތްކަމުގައި ވިޔަސް ޔަލާއާ ދުރަކު ނުވާނަންކަން… ތި ނާޒުކު އަންހެންކުއްޖާދެކެ އަމިއްލަ ނަފްސަށްވުރެ ވެސް ބޮޑަށް ލޯބިވޭ…” ޒަލަފްގެ ލޮލުން ކަރުނަ ނިރާލިއެވެ. އެ ދެލޯ ފޮރުވާލުމަށް މަރާލުމާއެކު ޔަލާގެ ތުންފަތުގައި ލޯތްބާއެކު ބޮސްދިނެވެ.

“ކޮންއިރަކު މިއެއްޗެހި ގެންދަނީ” އަތިރިމަތީ ކޫލަރު ބަހައްޓާފައި ދާން އުޅޭން ފެށުމުން ޔަލާ އަހާލިއެވެ.

“ފަހުން އަހަރެން އަންނާނަން މި އެއްޗެހި ގެއަށް ގެންދަން” ޒަލަފް ބުނެލިއެވެ. އަދި ޔަލާ ގޮވައިގެން ގަސްތަކުގެ ތެރެއިން މަގަށް ނުކުންނަން ދިޔައެވެ.

“ނުވައެއްޖަހަނީ… ވަގުތު ދިޔަގޮތް ވެސް ނޭނގުނު… ލައިފްގައި މިހާ ހެޕީ ރެއެއް ނާދޭ… ހައިރާންވޭ މިހާއިރު ވެގެން ދިޔައިރު މަންމަ އެއްފަހަރު ވެސް ގުޅާނުލީމަ” ފޯނަށް ބަލާލަފައި ޔަލާ ބުންޏެވެ. އަދި ޒަލަފްގެ އަތުގައި ހިފާލައިގެން ހުރެ ހިނގަމުން އައެވެ.

“މިރޭ ދެން ޔަލާގެ ގާތަށް ނަޔަސް އެންމެ ރަނގަޅެއްނު” ޔަލާއާއެކު ސްކޫޓަރ ފަހަތަށް އަރަމުން ޒަލަފް ބުންޏެވެ. އަދި ޔަލާގެ ބަނޑުގައި ކޮއްޓާލިއެވެ.

“ޔެސް… އުފަލުން ގޮސް މަރުވާވަރު މިރޭވެއްޖެ…” ޔަލާ ހޭންފެށިއެވެ.

ސްކޫޓަރުގައި އައިސް ކިނާރީގެ ދޮރޯށި ކައިރިއަށް ޔަލާ މަޑުކޮށްލިއެވެ. އެއާއެކު ޒަލަފް އެއިން ފައިބައި ފާރުކައިރީ މަޑުކޮށްލިއެވެ. ސްކޫޓަރު ގެއަށް ވެއްދުމަށްޓަކައި ދޮރޯއްޓާއި ދިމާ ކުރިމަތިވާގޮތަށް ސައިކަލު އަނބުރާލާ ހަރު ޖައްސާލާފައި ޒަލަފްއަށް އޭނާ ބަލާލިއެވެ.

“ދެން ދަނީ… ފްރައިޑޭގަ ހުކުރުން ފައިބައިގެން ޒާލް އަންނާނެ ވާހަކަ މަންމަ ގާތުގައި ބުނަން އަހަރެން މިހާރުއްސުރެ މިހިރީ ކެތްމަދުވެފައި…” ޔަލާ ބުނެލިއެވެ.

“ގުޑްނައިޓް ލަވް… އައި ލަވް ޔޫ ސޯ މަޗް…” ހިނިތުންވެލައިގެން ހުރި ޔަލާ އެއްލޯ މަރާލިއެވެ. ޒަލަފް ވެސް ހިނިތުންވެލާފައި އޭނާ ދަނީ ކަމުގައި ބުންޏެވެ.

ޔަލާ ގޭތެރެއަށް ވަދެ ދޮރޯށި ލައްޕާފައި ސިޓިންރޫމަށް ވަންއިރު ލުހާއާއި ޞާބިރާ ކަންބޮޑުވެފައި އިނެވެ. ޔަލާ ފެނުމާއެކު ފުންމައިގެން އެމީހުން ތެދުވިއެވެ.

“ފޯނަށް ކިހިނެއް ހަދައިގެންތަ ޔާލް ތިއުޅެނީ” ކަންބޮޑުވެފައި ހުރި ލުހާ ބުންޏެވެ.

ލުހާގެ ވާހަކައިން ޔަލާ ވަރަށް ހައިރާންވިއެވެ. ދަބަހުގައި އޮތް ފޯނު ނަގާ ބަލާލުމާއެކު ލުހާއަށް ފޯނު ދައްކާލިއެވެ. ފޯނުގައި ޗާޖު ހުރުމާއެކު ރޭންޖު ވެސް ރަނގަޅަށް ލިބެއެވެ.

“ޔާލްގެ ފޯނަށް ހަވީރުއްސުރެން ގުޅަނީ…. ބުނަނީ ގުޅޭ ސަރައްޙައްދުން ބޭރުގައޭ… ސިތާރައްތައަށް ގުޅައިގެން ހޮސްޕިޓަލަށް ގުޅުމުން ޔަލާ މިއަދު އެހެން ދުވަސްދުވަހަށްވުރެ އަވަހަށް ޑިއުޓީ ނިންމާ ނުކުންކަމަށްވަނީ…” ލުހާ ބުނެލިއެވެ. އޭރު ޔަލާގެ މޫނުމަތިން ހައިރާންކަން ފައުޅުވޭވޭ ހުއްޓެވެ. ވީގޮތެއް އޭނާއަށް ވެސް ބުނެދޭން ނޭނގުނީއެވެ.

“ދަރިފުޅު ބުނެލާފައި ދިޔަތަނަކަށް ދިޔަނަމަ… މަންމަމެން ހީކުރީ ޔަލާއަށް ކަމެއްވީކަމަށް…” ޞާބިރާ ބުންޏެވެ.

“ސޮރީ މަންމާ… ރައްޓެހިކުއްޖަކު ކިޔާވަރުން ދިޔައީ… އަހަރެން ފޯނު އެއްގޮތަކަށް ވެސް ނިވައެއްނުލަން… ދެން ނޭނގެ ކީއްވެކަމެއް ފޯނަށް އެ ނުގުޅުނީ… ދެން ފަހަރަކުން އިރާދަކުރެއްވިއްޔާ މަންމައަށް ގުޅާލާފައި ބުނެފައި ނޫނީ ނުދާނަން”

“ދެން ދޭ އެއްޗެހި ބަދަލުކޮށްގެން ކާން އަންނަން… މަންމަމެން މިތިބީ ޔަލާއަށް ވީގޮތެއް ނޭނގޭތީ ކާން ވެސް ނުގޮސް… ދިހައެއް ޖަހަންވާއިރަށް ޔަލާ ނައިސްފިއްޔާ ފުލުހުންނަށް އަންގަންކަމަށް” ޞާބިރާ ބުންޏެވެ.

“ހަމަތެދެއްތަ؟ ނަސީބެއްނު އާދެވުނުކަން… އަޅެ މަންމަ ސޮރީ އިނގޭ… ލޫ، ސޮރީ އިނގޭ…” ޔަލާ ދެރަވެލާފައި ޞާބިރާއަށާއި ލުހާއަށް ބަލާލިއެވެ. އެ ދެމައިން އެކުގައި ހިނިތުންވުމެއް ޔަލާއާ ބަދަލުކޮށްލިއެވެ.

ޔަލާ ކޮޓަރިއަށް އައިސް ފެންވަރާލައިގެން ޓީޝާޓަކާއި ކަށިމައްޗާ ހަމައަށް ހުރި ސްޕޯޓްސް ހަރުވާޅެއް ލައިގެން ތިރިއަށް ކާންދިއުމަށް ކޮޓަރިން ނުކުތެވެ. އޭރު އޭނާގެ ދިގު އިސްތަށިގަނޑު އެއްކޮށް ނުހިކޭތީ އޮތީ ނިއުޅާލާފައެވެ. އަރައިގެން ހުރި ރޮކްސީ ފައިވާނުގައި ހަލުވިކަމާއެކު ސިޑީގެ ހަރުފަތްތައް ހުރަސްކޮށް ކާކޮޓަރިއަށް އައިސް ވަނެވެ. ހިނިތުންވެލައިގެން ހުރި ގޮތުން އޭނާ ހީވަނީ މުޅިން އަމިއްލަ ދުނިޔެއަކަށް ގެއްލިފައި ހުރި ހެނެވެ.

ޞާބިރާއާއި ލުހާ މަޑުކޮށްލައިގެން ތިބީ ޔަލާ އައިސް ވަންނަން ދެނެވެ. ތިންމައިން އެކުގައި ކާން ފެށިއެވެ. ޔަލާއަށް ބަދަލުތަކެއް އައިސް ފައި ހުރިހެން ޞާބިރާއަށް ހީވިއެވެ. ނަމަވެސް ޔަޤީންކޮށް އެއީ ކޮންކަމެއްކަން ދެނެގަންނާކަށް އޭނާއަކަށް ނޭނގުނެވެ. އެހެންވިޔަސް އޭނާ އެ ހުރިހާ ކަމެއް ގުޅުވާލީ ޔަލާ ރައްޓެހިވެގެން އުޅޭ ޒުވާނާއާއެވެ. ކޮންމެވެސް ވަރެއްގެ ނުތަނަވަސްކަމެއް އޭނާގެ ހިތަށް ވެރިވެގެން ދިޔައެވެ.

“ކޮބާ މިހާރު މަންމަ ބުނި ވާހަކަ އެކުއްޖާގެ ގާތުގައި ބުނެފިންތަ” ޞާބިރާ މިހެންބުނުމާއެކު ޔަލާއަށް އޭނާގެ މަންމަ އެ ބުނީ ކީކޭކަން ވަގުތުން ނަގައިގަނެވުނެވެ. ނިކަން ފުޅާ ހިނިތުންވުމަކާއެކު ޞާބިރާއަށް ޔަލާ ބަލާލިއެވެ.

“އެ ވާހަކަ އަދި ނުބުނެވޭ ދޯ… ޒާލް ބުނީ ހުކުރު ދުވަހު ހުކުރުން ފައިބައިގެން މިގެއަށް އަންނަން އޯކޭއޯ… އެހެންވީމަ މި ހުކުރު ދުވަހު އޭނާ އަންނާނެ” ލުހާއަށް ވެސް އަވަސް ނަޒަރެއް ދެމުން ޔަލާ ބުނެލިއެވެ. ޞާބިރާ ބޯޖަހާލުން ފިޔަވާ އިތުރަށް އެއްޗެއް ނުބުންޏެވެ.

ކައިގެން ޔަލާ ކޮޓަރިއަށް އައިސް އެނދުގައި އޮށޯތީ ހަށިގަނޑަށް ލިބިފައިވާ ވަރުބަލިކަމުގެ ސަބަބުންނެވެ. ދެ ލޯ މަރާލުމާއެކު އޭނާގެ ލޮލަށް ސިފަވަމުން ދިޔައީ ޒަލަފްއެވެ. ޚުދު ޔަލާއަށް ވެސް ޤަބޫލުނުކުރެވެނީ އޭނާއަށް ޒަލަފްއާއެކު އެހާ ގާތްގުޅުމެއް ބާއްވަން ހުއްދަދެވުނީތީއެވެ. މީގެ ކުރިން ކައިވެނިން ބޭރުގައި ހުއްދަނޫން އެއްވެސް ގުޅުމެއް ހިންގުމަށް ޔަލާގެ ޟަމީރު އެއްބަހެއް ނުވެއެވެ. އެހެންނަމަވެސް ޒަލަފްއާ ޖެހުނުފަހުން އޭނާގެ ޖެހިލުންވުމާއި ލަދުވެތިކަން ފަހަނައަޅައި ހިނގައްޖެއެވެ.

“ކޮންކަމާ މާ ވަރަކަށް ހިނިއައިސްފައި ތިއޮތީ…” ކުއްލިއަކަށް ލުހާގެ އަޑު އިވިފައި ޔަލާ ސިހުނެވެ. ފުންމައިގެން ތެދުވި ޔަލާއަށް އެނދު ކައިރީ ހުރި ލުހާ ފެނުނީ ދެނެވެ. އޭނާ ވަން އިރެއް ވެސް ޔަލާއަށް ނޭނގުނެވެ.

“ކޮންއިރަކު ލުހާ ވަނީ” ޔަލާ ސުވާލުކޮށްލިއެވެ.

“ރަނގަޅުތަނަކުން ނޫންދޯ ތިއައީ” އުނަގަނޑުގެ ދެފަރާތުން އަތްވިއްދާލައިގެން ޔަލާއަށް ބަލަން ހުރެފައި ލުހާ ބުނެލިއެވެ. އެއާއެކު ޔަލާ ދެ ލޯ ބޮޑުކޮށްލިއެވެ.

“ކަމޯން ލޫ… ޕާރސަނަން ކަންކަން ވެސް ހުންނާނެއެއްނު…. ކިހިނެއް ހުރިހާ ވާހަކައެއް ކިޔައިދޭނީ”

“ތިހެންބުނީމަ ވަކިން ބޮޑަށް ޔަޤީންވެއްޖެ…. ޒާލް ކައިރިއަށް ދިޔައީތަ؟” ލުހާ އައިސް ޔަލާގެ އެނދުގައި އިށީނެވެ.

“މަންމަ ކައިރީ ނުބުނައްޗޭ… އަސްލު ވަރަށް ސްޕެޝަލް ޑޭޓަކަށް ޒާލްއާއެކު ދިޔައީ، ދެން އެކަމް ނާހާތީ އިތުރު އެއްވެސް އެއްޗެއް… އައި ވޯންޓް ސޭ…” ހިނިއައިސް ޔަލާ އިނދެ ބުނެލިއެވެ.

“އޯކޭ… ނާހާނަން… އެކަމަކު ޔޫ ޝުޑް ބީ ކެއަރފުލް… ތިހެން އުޅެފައި ސްޓުފިޑް ކަމެއް ނުކުރައްޗޭ، މިހެން ބުނާއިރު އަހަންނަށްވުރެ ޔާލްއަށް މާ ވިސްނޭނެކަން އެނގޭ… އަހަންނަށް އެނގޭ ޒާލްއަށް ވަރަށް އިތުބާރުކުރާކަން… އެހެންވިޔަސް އަހަރުމެންނަކީ އަންހެންކުދީންވީމަ އެ މީހުން ބޭނުންހާ ގޮތެއް އަހަރުމެންނަށް ހެދިޔަ ދީގެން ނުވާނެ ދޯ”

“ލުހާ ހާދަ ބޮޑުވެއްޖެއޭ ދޯ… ތިހާ މެޗުއަރ ވާހަކަ ލުހާ ދައްކާނެއެކޭ ކުރިއަކުން ހިތަކަށް ނާރާ… ތޭންކްސް ސިސް… ތި ދިން އެޑްވައިސް ހަނދާންބަހައްޓާނަން… އެނގޭތަ… ޒާލް ވެސް ބޭނުންވޭ ވަރަށް އަވަހަށް މެރީކުރަން. އަހަރެން ވެސް މިހާރު ބޭނުންވަނީ މެރީ ކުރަން… މާދަމާ ކުރެވޭނެނަމައޭ ވެސް ހިތަށް އަރާ… އައި ޖަސްޓް ކާންޓް ވެއިޓު ޓު ހޭވް އަ ލައިފް ވިތް ހިމް… މީހަކުދެކެ އެހާ ފަސޭހައިން ލޯބިވެވެދިނާއެކޭ ދުވަހަކުވެސް ހިޔެއްނުކުރަން…” ޔަލާ އެނދުމައްޗަށް އުއްޑުން ވެއްޓިގަނެ ބާލީސް ގެނެސް މެޔާލާ ބޮނޑިކޮށްލިއެވެ.

ގޯތިތެރޭގައި ދެ ކޮޅަށް ހިނގާލަ ހިނގާލާ ހުރި ޒަލަފްއަށް ޒާލިފު ގޮވާލިއެވެ. ވަގުތުން ޒަލަފް ސުވާލުކުރީ އަބްދުއްރަޢޫފު ވީ ތަނަކާމެދުއެވެ. އަރީޝާ ގާތުގައި ސުވާލުކޮށްފިނަމަ އޭނާއަށް ޖަވާބު ދިނުމުގެ ބަދަލުގައި އެތައް ސުވާލެއް ކުރިމަތި ކުރުވާނެއެވެ. އެހެންވެ އެންމެ ފަސޭހައިން އޭނާ ބޭނުންވާ ކަންކަން އޮޅުން ފިލުވޭނެ ގޮތަކީ ޒާލިފު މެދުވެރިކޮށެވެ.

“އަދި ހިޔެއްނުވޭ މަންމައަށް ގުޅިހެނެއް… އެންމެ އަވަހަށް ބައްޕަ އަޔަސް އަންނާނީ މާދަމާގެ ވަގުތަކު” ޒަލަފްގެ ސުވާލުތަކަށް ޒާލިފު ޖަވާބުދިނެވެ.

“ބައްޕަ ބޭނުންވެގެން އުޅެނީ ކޮންކަމެއްބާއޭ އަހަރެން ހިތަށް އަރާ… އަހަރެންގެ ގާތުން ސުވާލުނުކޮށް އެހެން މީހުންލައްވާ އަހަރެންގެ ކަންކަން ބަލުވަނީ ކީއްވެތީ ސުވާލުކުރަން ބޭނުން…” މަސްފެންގަނޑުގެ ކައިރީ މަޑުކޮށްލައިގެން ހުރި ޒަލަފް އޭނާގެ ގާތުގައި ހުރި ޒާލިފަށް ބުނެލިއެވެ.

“އަހަންނަކަށް އެއްގޮތަކަށް ވެސް ނޭނގެ ޒަލަފް ހިތްހަމަޖައްސައިދޭން ބުނާނީ ކީކޭކަމެއް… ތިއިން އެއްވެސް ކަމެއް އަހަންނަކަށް ނޭނގޭ… ޒަލަފްއަށް ފެންނަ މަންޒަރުތަކެއް އަހަންނަކަށް ނުފެނޭ، އެކަކަށް ވެސް ދެރައެއްލިބޭކަށް އަހަރެން ބޭނުމެއްނޫން…” ޒާލިފު އިރުކޮޅަކު ހުރެފައި ބުނެލިއެވެ. އަދި އޭނާ ޒަލަފްގެ ކޮނޑުގައި އަތްބާއްވާލާފައި އެނބުރި ހިނގައިގަތީ ރައްޓެއްސެއް ކައިރިއަށް ދާންވެފައި އޮތްކަމުގައި ބުނެފައެވެ.

ރުއްބުޑުމަތީ އިށީނދެ މަސްފެންގަނޑާ ދިމާއަށް ބަލަހައްޓައިގެން އެތައް އިރަކު ޒަލަފް އިނެވެ. އެހެން އިންދާ ފެންސުގެ ބޭރުގައި މީހަކު ހުރިކަން އެނގި ޒަލަފް ނިކަން ހަރުކަށިކޮށް ކާކުތޯ އެހިއެވެ. އެއާއެކު އިވުނީ އަންހެން އަޑަކެވެ.

“އަހަރެން… ބެހެމަތް….” މަޑުމަޑުން ބެހެމަތް ބުނެލިއެވެ.

“އެހެންވީރު އަހަންނަށް ފެންނަންވީނު… ފޮރުވިގެން ހުރެ ވާހަކަތިދައްކަނީ ކީއްކުރަން” ޒަލަފް މިހެން ބުނުމާއެކު ބެހެމަތް ފައުޅުވިއެވެ. އޭނާގެ މޫނުމަތިން ފެންނަނީ ހިތާމަކުރާކަމުގެ އަސަރުތަކެވެ.

“ކިހިނެއްވީ އަހަރެން ހޯދަން ތި އައީ…” ފަރުވާކުޑަ ރާގެއްގައި ޒަލަފް ބުންޏެވެ.

“ޒަލަފް… އާދޭސްކުރަން… އަހަރުމެންގެ ގާތަށް އެނބުރި އާދޭ… އެމީހުން ޒަލަފްއަށް އަބަދުވެސް ހޫނު މަރުޚަބާއެއް ކިޔާނެ…” ބެހެމަތްއަށް ރަނގަޅަށް އޭނާ ބުނަން އުޅޭ އެއްޗެއް ނުބުނެވެނީސް ޒަލަފް ނުރުހުން ފައުޅުކުރިއެވެ.

“ހަމަ ތެދެއް މިބުނީ، އަހަރެން މިހާރު ކަލޭމެންގެ ތެރެއަށް ދާހިތެއް އެއްގޮތަކަށް ވެސް ނުވޭ… ބެހެމަތްއަށް ވެސް މާ ރަނގަޅުވާނެ ކަލޭމެންގެ ތެރެއިން ޒުވާނަކު ޚިޔާރުކޮށް އޭނާއާ ކައިވެނިކުރީވިއްޔާ…”

“އަހަރެން ޚިޔާރުކުރީ އަހަރުމެންގެ ތެރެއިން ޒުވާނެކޭ… ބަލަ ޒަލަފް ކޮންމެ ގޮތަކަށް ހީކުރިނަމަވެސް ތީ އަހަރުމެންގެ މީހެކޭ، އަހަރުމެން ފަދަ ޖިންނިއެއް ޒަލަފްއަކީ ވެސް… އަހަރުމެންގެ މައްޗަށް ހިނގާ ހުކުމް ޒަލަފްގެ މައްޗަށް ވެސް ހިނގާނެ… އަމިއްލަ ތިއުޅެނީ ބަލިކަށި އިންސާނުންގެ ދަރަޖައަށް ގޮސްގެން… އިންސާނަކުދެކެ ލޯބިވުމުން ޒަލަފްގެ ބައްޕައަށް ލިބުނީ ކޮންފައިދާއެއް… ހަމައެހެން ޒަލަފްއަށް ވެސް ވާނީ… އިންސާނަކާ ގުޅިގެން ނޫޅެވޭނެ… އުފާވެރި ދިރިއުޅުމެއް ދުވަހަކު ވެސް ނުލިބޭނެ…”

“ބެހެމަތްއަކަށް ކުރިއަށްވާނޭ ގޮތެއް ކިޔައިދޭކަށް ނޭނގޭނެ… އަހަންނަކީ އަހަރެން އެންމެ ލޯބިވާ ފަރާތުގެ ހައްޤެއް… ދުވަހަކުވެސް އޭނާ ނޫން މީހެއްގެ ހައްޤަކަށް އަހަރެން ނުވާނެ… ބެހެމަތްއާ އަހަރެން ނީންނާނަމޭ ބުނާނީ ކިތައްފަހަރު، ކަލޭމެންނަށް ކީއްވެތަ އަހަރެންގެ ނިންމުން ބަލައިނުގަނެވިގެން ތިއުޅެނީ…” ޒަލަފްގެ ހަރުކަށި ބަސްތަކުން ފެންކަޅިވަމުން ދިޔަ ބެހެމަތް އިސްޖަހާލިއެވެ. އެހިނދު އޭނާގެ ދެ ކޯތާފަތް ތެމިގެން ދިޔައީ ރޮނގުހަދާފައި ތިރިއަށް ފައިބައިގެން ދިޔަ ކަރުނުންނެވެ.

“އެމީހުން އަންނާނެ… ޒަލަފް ބަލާ އަންނާނެ… ނުދާން އުޅުނަސް ގަދަކަމުން ވެސް ދާން ޖެހޭނީ… ނޫނީ އެމީހުންގެ ތެރޭގައި ހައްޔަރުވެގެން މުޅި އުމުރު ދުވަހު ހުންނަން ޖެހޭނީ… އެއީ ކުޑަދުވަސްކޮޅެއްނޫން… އަހަރެން މިއައީ ޒަލަފްއަށް އެކަން ހަނދާންކޮށްދޭން… އަދިވެސް ވަގުތު އެބައޮތްކަން ބުނެދޭން… މިހާރު ވެސް ޒަލަފް އަތުވެއްޖެނަމަ އެންމެން އުފަލުން ބަލައިގަންނާނެ” ރޮމުން ބެހެމަތް ވާހަކަދެއްކިއެވެ.

“އެއްކަމެއްވެސް ނުކުރެވޭނެ، އަހަރެން ދާން ބޭނުންނުވާހާ ހިނދަކު ނުވެސް ގެންދެވޭނެ… ރަނގަޅުވާނީ ބެހެމަތް ވެސް އަހަންނަށް ކަންކަން ހަނދާންކޮށްދޭން ނައީ ވިއްޔާ… ނޫނީ އަހަރެންގެ ދިރިއުޅުމާ ނުބެހި އަހަރެން އުޅޭނެ ގޮތަކަށް އުޅޭން ދޫކޮށްލާ…”

“ޒަލަފްދެކެ އަހަރެން ވަރަށް ލޯބިވޭ… ދުރުގައި ހުންނަން ބުންޏަސް ނުހުރެވިގެން އާދެވެނީ އެހެންވެ… ޒަލަފްއަށް ދެރައެއްލިބެން އުޅޭހެން ހީވާއިރު އެކަމުން ސަލާމަތްކުރާން ވެސް އަހަރެން ބޭނުން… އެކަމަކު ބައެއް ކަންތައްތަކަކީ އަހަރެންގެ ވެސް އަތް ނުފޯރާ ކަންކަން… އެހެންވެ ވިސްނައިދޭން ޖެހެނީ…” ބެހެމަތްގެ އަޑުގައި އާދޭހުގެ އަސަރު އެކުލެވިފައި ވިއެވެ. އެހެންނަމަވެސް އޭނާގެ އެއްވެސް ވާހަކައަކުން ޒަލަފްއަށް ކުޑަ ވެސް އަސަރެއް ނުކުރިއެވެ. އެންމެފަހުން ޒަލަފް އަމުރު ކުރުމުން އޭނާއަށް ޖެހުނީ އެތަނުން ދާށެވެ.

* * * *

ހުކުރު ދުވަހުގެ ފަތިހު ޒަލަފްއަށް ހޭލެވުނީއްސުރެން ވިސްނަމުން ދިޔައީ ޔަލާމެންގެއަށް ގޮސް އޭނާގެ ޢާއިލާއާ ބައްދަލުކުރުމުން ވާނޭ ގޮތަކާ މެދުއެވެ. އޭނާގެ ފަރާތުން އެމީހުންނަށް ތަފާތުކަމެއް އިހުސާސްވެދާނެތީވެ އެކަމާ ވެސް ފިކުރުކުރެވުނެވެ. ޔަލާއާއެކު އުޅެން ފަސޭހަ ނަމަވެސް އޭނާގެ ޢާއިލާގެ މެންބަރުންނަކީ ކޮންކަހަލަ މިޒާޖެއްގެ ބައެއްކަމެއް ނޭނގެއެވެ. ހާސްކަމެއްގެ ތެރޭގައި އެނދުގައި ދެއަތަށް ފުރޮޅިފުރޮޅި އޮއްވާ ކޮޓަރި ދޮރުގައި މީހަކު ޓަކިދިނުމުން ޒަލަފް ތެދުވިއެވެ.

“ހުޅުވާފައި ތި ހުރީ” ޒަލަފް ބުނެލިއެވެ. އެއާއެކު ދޮރުހުޅުވާލަފައި ވަނީ އަބްދުއްރަޢޫފެވެ.

“ޒަލަފްއާ ވާހަކައެއް ދައްކާލަން ބޭނުން” އަބްދުއްރަޢޫފު ކޮޓަރިތެރެއަށް ވަދެ ދޮރުލައްޕާލުމާއެކު ބުންޏެވެ.

“އަހަރެން ވެސް ބައްޕައާ ވާހަކައެއް ދައްކަން ބޭނުންވެފައި ހުރީ… ރަށުގައި ނެތުމުން އެ ވާހަކަ ނުދެއްކިފައި” ޒަލަފް ބުންޏެވެ.

“އިހަށް ބައްޕަ ދައްކާ ވާހަކަ އަޑުއަހާލަބަލަ… އަޑުއެހިން ޒަލަފްއަށް ތިންދުވަހުގެ މުހުލަތެއް ރަޚަބްމެން ދިން ވާހަކަ، އެހެންވެއްޖެނަމަ މިއަދަކީ ތިންވަން ދުވަހެއްނު… ދަރިފުޅު ނިންމަނީ ކިހިނެއް؟ ވަރަށް ވިސްނާފައި ޖަވާބުދޭތި… މިހެން މި ބުނީ ބައްޕަމެން ގާތުގައި ޒަލަފް މަޑުކުރަން ނިންމައިފިނަމަ ދެން ކަންތައްކުރާންވާނީ ބައްޕަ ބުނާ ފަދައަކުން” އަބްދުއްރަޢޫފުގެ ވާހަކަތަކުން ކަންތައްތައް ރަނގަޅުނޫންހެން ޒަލަފްއަށް ހީވިއެވެ. ނަމަވެސް އޭނާއަށް އެކަމުގެ ހިލަމެއް ނުވެއެވެ. އަނެއްކޮޅުން ރަޚަބްމެންގެ ޚަބަރެއް ބަލާލަން ވެސް ބޭނުންނުވަނީ އެމީހުންގެ އަތްދަށު ޒަލަފް ވެދާނޭތީއެވެ.

“އެއްގޮތަކަށް ވެސް އެނބުރި ރަޚަބްމެންގެ ގާތަށް ދާކަށް ގަސްދެއްނުކުރަން، އެކަމަކު އެމީހުންނަށް އަނިޔާތަކެއްދޭކަށް ބޭނުމެއްނޫން…. ދެން އަހަރެން ބުނަން އުޅޭ ވާހަކަ ބައްޕަ ވެސް އަޑުއަހާލަބަލަ… އަހަރެންގެ މިނިވަންކަން ގެއްލޭ ފަދަ ކަންކަން ބައްޕަ ވެސް ނުކުރުން އެއީ އަހަރެން އެދޭ ގޮތް…. ފާޑެއްގެ ޖިންނިއެއް ގެނެސްގެން އޭނާގެ އެހީ ބޭނުންކުރިޔަސް އަހަންނަށް ފާރަނުލާށޭ ބުނޭ….” އަބްދުއްރަޢުފާ ކުރިމަތިލައިގެން ހުރެ ޒަލަފް ބުންޏެވެ.

“އެއީ ވެސް ދަރިފުޅުގެ ރައްކާތެރިކަމަށް ބައްޕަ ކުރިކަމެއް… ޒަލަފްއަކީ ޖިންނިއެއްކަމަކު އަދި ތީ ވަރަށް ޅަ ޖިންނިއެއް… ޒަމާނުއްސުރެން އެމީހުންގެ ތެރޭގައި ކަންކަން ހިނގަމުން އަންނަ ގޮތާއި ތަޖުރިބާ ވެސް ދަރިފުޅަށް ލިބިފައިވާލެއް ކުޑަވާނެ… ޒަލަފްއަށް އެނގޭތަ ތި ކުރެވެނީ ކިހާ ވަރެއްގެ ކަމެއްކަން… ކިހާ ބޮޑު ފާފައެއްކަން… ދަރިފުޅަކީ ޖިންނިއެއްކަމަކު ތުއްތު އިރުން ފެށިގެން ބޮޑުވެ ޒުވާނަކަށް ވެފައި ތި ހުރީ މި ބައްޕަގެ ކުރިމަތީގައި… ޖިންނިއެއްތޯ އިންސާނެއްތޯ ބެލުން މުހިއްމެއްނޫން… ޒަލަފްއަކީ ބައްޕަގެ ދަރިއެއް… ދަރީންނަށް ރަނގަޅުގޮތް ބުނެދިނުމަކީ މައިންބަފައިންގެ ޒިންމާއެއް… މިހާރު އެނގޭނެ ކަންނޭނގެ ބައްޕަ މި ދައްކަނީ ކޮންވާހަކައެއްކަން… އެފަދަ ޢަމަލު ކުރާ ދަރިއަކަށް ދަރިފުޅުވާކަށް ބައްޕަ ނޭދެން… އުފަންވި ވަގުތު ތި ކަންފަތްދޮށުގައި ބައްޕަ ބަންގިދިނީ ދަރިފުޅު ބޮޑުވެގެން ނުބައި ޢަމަލުތައް ހިންގާ ދަރިއަކަށް ހެދުމަށްޓަކައެއްނޫން…” އަބްދުއްރަޢޫފު އެ ދެއްކީ ޔަލާއާއި ޒަލަފްގެ ދެމެދުގައި އޮތް ނަހަމަ ގުޅުމުގެ ވާހަކަތައްކަން ޒަލަފްއަށް ޔަޤީންވިއެވެ. އަދި އެ ވާހަކަތައް އަބްދުއްރަޢޫފާ ހަމައަށް ގެންގޮސްދިނީ ކާކުކަން ވެސް ޒަލަފްއަށް އެނގެއެވެ. ވަކިން ބޮޑަށް އޭނާ ހިތްހަމަނުޖެހުނީ އެހެންވެއެވެ. އެއްވެސް މީހަކަށް ޒަލަފްއާއި ޔަލާގެ ދެމެދުގައި އެފަދަ ގުޅުމެއް އޮތްކަން އެނގެން ޒަލަފް އެއްވެސް ގޮތަކަށް ބޭނުމެއްނޫނެވެ.

“އެހެންވީރު އޭނާ އަހަންނަށް ފާރައެލަނީ ބައްޕަ ބުނެގެން ދޯ” ޒަލަފް ހިތްހަމަނުޖެހުކަން އަބްދުއްރަޢޫފަށް އެނގުނެވެ.

“މުޅިއަކުން ދޮގެކޭ ވެސް ބައްޕަ ނުބުނާނަން، އެކަމަކު އޭނާއަކީ ނުބައިކަމެއް ކުރާނޭ ޖިންނިއެއްނޫން… އެ ވާހަކަ ފަހުން ކިޔައިދޭނަން… މިއަދު ޒަލަފް ވާނެ ބައްޕައާއެކު ހުކުރު ނަމާދަށް ދާން، ޒަލަފް ނަމާދެއް ނުކުރާތާ ވީދުވަހެއް ވެސް އެނގެނީއެއްނޫން، ރަޚަބްމެންގެ ބާރު ޒަލަފްގެ މައްޗަށް އެހާ ގަދަވެގެން ވެސް އެ އުޅެނީ އެހެންވެ، ވަގުތުގެ ބޭނުން ހިފާ ޒަލަފް އެމީހުންގެ ތެރެއަށް އަނބުރާލަން އެމީހުންނަށް ބޭނުންކުރެވެން އޮތް ހުރިހާ އުކުޅެއްގެ ބޭނުންކުރާނެ، މިއަދު ނަމާދުން އައިސް ކައިގެން ޒަލަފްއަށް ހުރިހާ ކަމެއް އޮޅުން ފިލުވައިދޭނަން… އޭރުން ދަރިފުޅަށް އެއްޗެއް ވިސްނޭނެ… ބައްޕަ ވެސް ގަސްދެއް ނުކުރަން އޮޅުވައިލައިގެން ކަމެއް ކުރާކަށް”

“ނަމާދަށް ހިނގައިދާނަން، އެކަމަކު ނަމާދުން ފައިބައިގެން އަހަރެން އެބަޖެހޭ ތަނަކަށްދާން… އެތަނަށް ނުގޮސް ވާނެ ގޮތެއްނެތް. އޭގެ ފަހުން ގެއަށް އަންނާނަން… ވާހަކަދައްކާނީ އޭގެ ފަހުން” ޒަލަފްގެ ވާހަކަ ހުރި ގޮތުން އޭނާ އަދިވެސް އެ ހުރީ ހިތްހަމަނުޖެހިފައިކަން އަބްދުއްރަޢޫފަށް އެނގުނެވެ. އިތުރު ވާހަކަތަކެއް ދައްކާ ޒަލަފް ރުޅިއަރުވާލާކަށް އޭނާ ވެސް ބޭނުމެއްނޫނެވެ. އެހެންވެ އިތުރަށް ވާހަކައެއް ދެއްކުމުގެ ބަދަލުގައި އެ ކޮޓަރިން އަބްދުއްރަޢުފު ނުކުތެވެ.

“އެއްވަރުގެ ކަންތައް… ފާރަލުމުގައި ވެސް ވަކި ހައްދެއް އޮންނަންވާނެ…” ނުރުހުނު ވަރުން އެނދުގައި ކޮޅުފައިން ޒަލަފް ޖެހިއެވެ. އެއާއެކު ބާރުއަޑެއް ކިޔައިގެން ދިއުމާއެކު ލަކުޑި އެނދު އެއްފަރާތަށް ދިޔައެވެ.

ހެނދުނު ސައިބޯކަށް ވެސް ޒަލަފް ނުނިކުމެވެ. އަރީޝާ ގޮވުމުން ވެސް ޒަލަފްގެ ފަރާތުން ޚަބަރެއް ނުވިއެވެ. އެންމެންނަށް ޒަލަފް ފެނުނީ އަބްދުއްރަޢޫފުމެން ހުކުރު ނަމާދަށް ދާން ނުކުންނަން އުޅެނިކޮށެވެ. ފެންސުގެ ގޭޓު ކައިރީ ނޫކުލައިގެ ހުރަސް ރޮނގުދެމި އަތްދިގު ޓީޝާޓަކާއި ކާކީ ޖިންސެއްގައި ޒަލަފް މަޑުކޮށްލައިގެން ހުއްޓެވެ. އެކަކަށް ވެސް އޭނާ އެތަނަށް ނުކުން އިރެއް ނުވަތަ ނުކުން ގޮތެއް ވެސް ނޭނގެއެވެ.

“ޒަލަފް ވެސް އެ ހުރީ ތައްޔާރަށް… ހިނގާ ދަމާ” ދޮރުމަތީ ހުރެފައި ޒާލިފުގެ ބުރަކަށީގައި އަތްޖައްސާލަމުން އަބްދުއްރަޢޫފު ބުންޏެވެ.

ޒަލަފްއާއި ޒާލިފާ ދެބެން ގޮވައިގެން ދުވަހަކު ވެސް އަބްދުއްރަޢޫފު ރަށުތެރެއަށް ނުކުމެފައެއްނުވެއެވެ. އެހެންނަމަވެސް ޒަލަފްއަށް ރަނގަޅު މަގު ދެއްކުން މިއަދު އޭނާއަށް މަޖުބޫރުވެފައިވެއެވެ.

“ޒަލަފް… ބައްޕަ އެބަޖެހޭ ކަމަކު އެދެން… އެހެންނަމަވެސް ކަންތައްކުރާނޭ ގޮތެއް އެނގޭނީ ދަރިފުޅަށް… ހުކުރު ނަމާދަށް ދާނެ ވަރަށް ގިނަ މީހުން، ބައްޕަ ދަންނަ މީހުން ވެސް ދާނެ… މީހުންތައް ސުވާލުއުފައްދާ އެ މީހުންގެ އަމާޒުފަތްގަނޑަށް ޒަލަފްވާކަށް ބައްޕަ ނޭދެން… އެހެންވީމަ ބައްޕައަށް ރަނގަޅީ އެމީހުންގެ ލޯތަކުން ޒަލަފް ވަންހަނާވެގެން ހުރުން… ބައްޕައަށް އެނގޭ އެއީ ޒަލަފްއަށް މިހާރު ކުރެވޭނެކަމެއްކަން، އަދި އެކަން އެގޮތަށް ކުރާން އެނގޭކަން ވެސް” އަބްދުއްރަޢޫފު މިހެން ބުނުމުން އޭނާއަށް ޒަލަފް ބަލާލިއެވެ.

ވުޟޫކޮށްގެން ނުކުން ފަހުން ޒަލަފްއަށް ވެސް ބަޔާންކުރާން ދަތިވެފައިވަނީ އޭނާއަށް ކުރެވެމުންދިޔަ އިހުސާސެވެ. ހީވަނީ ފުރާނައާއި ހަށިގަނޑުގެ ބޭރުން ފިނިކަމާއި ރައްކާތެރިކަން އިހުސާސްކޮށްދޭ ފަށަލައެއް ލެވިފައިވަނީ ހެނެވެ. ވައިރޯޅި ވެސް އޭނާގެ ހަށިގަނޑުގައި ބީހިލާފައިދަނީ މަޑުމައިތިރިކަމާއެކު ކުރުނީސްކުރަމުން ކަހަލައެވެ. އާދަޔާ ޚިލާފު ބާރެއް ލިބިފައިވާ ކަހަލައެވެ. އިންސާނުންގެ ތެރޭގައި އެހެން މީހުން ޖެހިލުންވެ ބިރުގަންނަ ފަދަ ވަރުގަދަ ޝަޚްޞިއްޔަތެއްގެ ވެރިއެއް ފަދައެވެ. އިސްޖަހާލައިގެން ހުރެ އަބްދުއްރަޢޫފުގެ ބަސް ޤަބޫލުކޮށް އޭނާއާއި ޒާލިފުގެ ލޮލަށް ފިޔަވައި އެހެން މީހުންގެ ލޯތަކަށް ޣައިބުވެ ހުރެ ޒަލަފް ހިނގަމުން އައެވެ. ތިން މީހުން ކުރެ އެކަކު ވެސް އަނެކަކާ އަނގަޔަކުން ނުބުނެއެވެ.

ބޯގަސްތަކުގެ ތެރެއިން ދެކުނު އަވަށު މަގުކޮޅަށް ތިންމީހުން ނުކުން އިރު ގަސްތަކުގެ ތެރޭގައި ފޮރުވިގެން ހުރި މަޚްލޫޤެއް އޭތީގެ އަނގުރުގަނޑެއްހައި ރަތްދެލޮލުން އެމީހުންނަށް ބަލަން ހުރީ ރުޅިއައިސްރަތްވެފައި ހުރި މީހަކުފަދައިންނެވެ. އެހެންނަމަވެސް އޭނާގެ ފަރާތުން ހިލަމެއް ނުވެ ހިމޭންވެފައި އޮތް މަގުން ތިންމީހުން މިސްކިތާ ދިމާއަށް ދިޔައެވެ.

ޖަމާޢަތެއްގައި ނަމާދެއް ކުރި ހަނދާނެއް ދުވަހަކު ވެސް ޒަލަފް ނުވެއެވެ. އޭނާގެ މުޅި ހަޔާތުގައި ވެސް މިސްކިތަށް އެރި މީ ފުރަތަމަ ފަހަރެވެ. އަބްދުއްރަޢޫފުގެ ދެފަރާތުގައި ޒާލިފާއި ޒަލަފް މަޑުކޮށްލައިގެން ހުރި އިރު ޒަލަފްގެ ނަޒަރު ހުއްޓެމުން ދިޔައީ އަބްދުއްރަޢޫފަށެވެ. މިސްކިތުގެ ޤަވާޢިދުތައް އޭނާ ދެނެގަންނަމުން ދިޔައީ އަބްދުއްރަޢޫފުގެ ފަރާތުން ކަހަލައެވެ. ނަމާދުގައި ކިޔާ ދުޢާތަކާއި ޤުރުއާން ކިޔަވަން ޒަލަފްއަށް އަރީޝާވަނީ ދަސްކޮށްދީފައެވެ. ބޮޑުވެ އޭނާ އެކަންކަމާ ދުރުވެގަތީ އަމިއްލައަށެވެ. މިނޫނީ އަބްދުއްރަޢޫފު ވެސް އޭނާ ގޮވައިގެން މިސްކިތަށް ނަމާދަށް އަންނާކަށް ދުވަހަކު ވެސް މަސައްކަތެއް ނުކުރެއެވެ.

ހުކުރު ނަމާދުން ފައިބައިގެން މީހުންތައް މިސްކިތުން ނުކުންނަމުން ދިޔައިރު ދަންނަ ރައްޓެހިން ފެނި އެކަކު އަނެކަކާ ސަލާމްކޮށްލައެވެ. ހަމައެގޮތަށް އަބްދުއްރަޢޫފުގެ ރައްޓެހިންނާ ދިމާވުމުން އެމީހުން އޭނާއާ ސަލާމްކޮށްލާ ޒާލިފުގެ ކޮނޑުގައި ޖަހާލާ “ދަރިފުޅު ހާދަ ބޮޑުވެއްޖެ ދޯ އޭ” ބުނެލާ ހަދައެވެ. އޭރު އެމީހުންގެ ގާތުގައި ޒަލަފް ވެސް ހުއްޓިލައިގެން ހުރި އިރު މި މަންޒަރުތަކުން އޭނާގެ ހިތަށް ދަތިކުރުވާ ފަދަ އިހުސާސްތަކެއް ވެރިވެގެން ދިޔައެވެ. ޒާލިފު ފަދައިން އެމީހުންގެ ކުރިމަތީ ޒަލަފް ވެސް ހުންނަން ބޭނުންވިއެވެ. އަބްދުއްރަޢޫފުގެ ހުރީ އެންމެ ދަރިއެއްނޫންކަމާއި ޒަލަފްއަކީ އެވަގުތު އެތަނުގައި ހުރި އެ ޢާއިލާގެ ކުއްޖެއްކަން އެންމެނަށް އެނގެން ބޭނުންވިއެވެ. އެކަމަށް އެދޭވަރު އެ ދެ ލޮލުން ހާމަވަމުން ދިޔައިރު ވެސް ހިމޭންކަން ޚިޔާރުކޮށްގެން ޒަލަފް ހުރީއެވެ. އެއްފަހަރު ޒާލިފާއި އަބްދުއްރަޢޫފަށް، އަނެއްފަހަރު އެމީހުންނާ ސަލާމްކޮށްފައިދާ މީހުންނަށް ބަލާލަބަލާލައެވެ.

“އަހަރެން ދަނީ… އިރުކޮޅަކުން އަންނާނަން… ރަނގަޅަކީ އަހަރެން މިދަނީ ކޮންތާކަށްތޯ ނޭހިއްޔާ…” މިސްކިތުން ނުކުންތަނާހެން ޒަލަފް ބުނެލިއެވެ. އެއާއެކު އަބްދުއްރަޢޫފަށް ހުއްޓުން އެރިއެވެ. ޒަލަފް ނަމާދުން ފައިބައިގެން ކޮންމެވެސް ތަނަކަށް ދާންޖެހޭ ކަމުގައި ދެއްކި ވާހަކަ އޭނާ ހަނދާންނެތުނީ ކަހަލައެވެ. އިރުކޮޅަކު ޒަލަފް މަޑުކޮށްލައިގެން ހުރުމުން ވެސް އަބްދުއްރަޢޫފޫ ޖަވާބެއް ނުދިނެވެ.

“ބައްޕާ!…” ޒަލަފް ގޮވާލީ މަޑުމައިތިރިކަމާއެކުއެވެ. އަނގައިން ނުބުނިކަމުގައި ވިޔަސް އަބްދުއްރަޢޫފު ބޯޖަހާލިއެވެ. އަދި އެނބުރިލަމުން ޒާލިފަށް އިޝާރާތްކުރީ އޭނާއާއެކު ހިނގައިގަންނާށެވެ. އެ މީހުންނަށް ބަލަން ހުރެފައި ޒަލަފް ވެސް އެނބުރުނީ އޭނާ ދާން ނިންމާފައިވާ މަންޒިލާ ހަމައަށް ދިއުމަށް ދަތުރު ފަށެމަށެވެ.

އެކެއް ޖަހަންވާއިރަށް ސުފުރާމަތީ މެންދުރަށް ތައްޔާރުކުރި ހުރިހާ ވައްތަރުތަކެއް ތަށިތައްޓަށް އަޅައި އަތުރާލާފައި ވެއެވެ. އެހެން ދުވަސްދުވަހާ ޚިލާފަށް މިއަދު ޞާބިރާއަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ބަދިގެ ތެރޭ ޔަލާ ހަރަކާތްތެރިވަމުންދިޔައެވެ. ކޮންމެ ކަމެއް އޭނާގެ އަތުން ކޮށް ނިންމާލުމަށް ބޭނުންވެފައި ހުރި ކަހަލައެވެ. ލުއި ހިނިތުންވުމެއް ފަނޑުމެއްނުވީ ފަދައަކުން ޔަލާގެ ތުންފަތަށް ވެރިވެފައިވެއެވެ. އިރުއިރުކޮޅާ ކާކޮޓަރީގެ ދޮރާ ދިމާއަށް އޭނާ ބަލާލައެވެ. ކެތްތެރިކަން ކުޑަވެފައި ހުރި ފަދައަކުންނެވެ. މި މަންޒަރު ޞާބިރާއަށް ފާހަގަނުވެއެއްނުދިޔައެވެ.

“ދަރިފުޅު ދާންވީނު ދޮރޯށި ހުޅުވާ ބަލާލަން… މިހާރު ހުކުރުން ފައިބައިގެން މީހުންތައް އަންނާނެ… ދެންނެއްތޭ މިތާކު ކުރަންޖެހޭ އެއްވެސް ކަމެއް…” ޔަލާ ނުކުމެގެން ދިޔައީ ޞާބިރާ އެހެން ނުބުނެގެން ހުރި ފަދައަކުންނެވެ.

ދޮރޯށި ހުޅުވާލަމުން ލައިގެން ހުރި ދަނބުކުލައިގެ ތަފާތު ކުލަތަކުގެ ގޮޅިޖަހާފައިހުރި ކަކުލަށްވުރެ ތިރިއަށްހުރި ގަމީސް ޔަލާ ރީތިކޮށްލަމުން ބަލާލިއެވެ. އަދި ގަމީހާއި ގުޅޭނޭ ފަދަ ފަޔަށް ހިފާފައި ހުރި ޓައިޓެއް ލައިގެން ހުއްޓެވެ. ނަފުސު ހަމައަކަށް އަޅުވަން ހަށިފުރާނޭވާއެއް ލުމާއެކު ދޮރޯށި ހުޅުވާލިއެވެ. އެހިނދު ޔަލާ ދިޔައީ ސިއްސައިގެންނެވެ.

“ޒާލް…” ދޮރޯށި ކުރިމަތީ ހުރި ޒަލަފް ފެނިފައި ޔަލާއަށް ބުނެލެވުނެވެ.

“މި އައީ… ކޮބާ މަންމަ؟ އެންމެން އެބައުޅޭ ދޯ” ޖެހިލުންވެ ހިތްއަވަސްވެފައި ހުރެ ޒަލަފް ހިނިތުންވެލަމުން ބުނެލިއެވެ.

“ވާއު… ޔޫ ލުކް ސޯ ހެންޑްސަމް…” އާދަޔާ ޚިލާފު ހިތްދަމައިގަންނަ ރީތިކަން މިއަދު މާ ފުރިހަމަވެފައި ރީތިކަމަށް ޔަލާއަށް ޤަބޫލުކުރެވި ބޭއިޚްތިޔާރުގައި ބުނެލެވުނެވެ. ލުއި ހީނލުމަކާއެކު ޒަލަފް ބަލަން ހުއްޓެވެ. އޭނާ ކުރި ސުވާލަށް ޖަވާބުދޭން ޔަލާ އުޅުނީ ދެނެވެ.

“މަންމައާއި ލުހާ ފިޔަވާ އިތުރު މީހަކުނެތް… އާދޭ އެތެރެއަށް…”

ދޮރޯށި ދޮށުގައި ޔަލާ ހުރެ މީހަކާ ވާހަކަދައްކާހެން ސިޓިންރޫމަށް ނުކުން ޞާބިރާއަށް ހީވިއެވެ. އޭނާ ވެސް އަވަހަށް ތައްޔާރުވެލީ ގެއަށް ވަންނަން އުޅޭ މެހެމާނާ ކުރިމަތިލުމަށެވެ. ކޮޓަރިން ނުކުން ލުހާއަށް ޞާބިރާ ދޮރާ ދިމާއަށް ބަލަހައްޓައިގެން ހުރެފައި އަވަހަށް އައިސް ސޯފާގައި އިށީންތަން ފެނި ހިނިއަންނަ ގޮތްވިއެވެ. އޭނާ ވެސް މިވަނީ ކިހިނެއް އެނގުނީ ކަންނޭނގެއެވެ. ދޮރޯށްޓާ ދިމާއަށް ބަލާލައިފައި އަވަހަށް އައިސް ޞާބިރާގެ ކައިރީ ހުރި އެކަކަށް އިށީނދެވޭނޭ ސޯފާގޮނޑީގައި އިށީނެވެ. ގިނައިރެއްނުވެ ޔަލާ އައިސް ސިޓިންރޫމު ދޮރުން އެތެރެއަށް ވަންނަތަން ފެނުނެވެ.

“މަންމާ… މީ ޒާލް….” އެތެރެއަށް ވަދެ ސޯފާގައި އިން ޞާބިރާއަށް ޒަލަފް ދައްކާލަމުން ޔަލާ ބުންޏެވެ.

ސޯފާއިން ތެދުވެ ޒަލަފްއަށް ނަޒަރު ހުއްޓާލައިގެން ހުރި ޞާބިރާ ހިނިތުންވެލިއެވެ. ރީތީގޮތުން ބަލާނަމަ ޒަލަފްއަށްވުރެ ރީތި ޒުވާނަކު ޔަލާއަށް ނުލިބޭނެއޭ ޞާބިރާގެ ހިތަށް އެރިއެވެ. އެހާ ވެސް ޒަލަފް ފެންނަލެއް ފުރިހަމައެވެ. ލުހާ ވެސް ހައިރާންވެފައި ޒަލަފްއަށް ބަލަން ހުރީއެވެ. އެއަރޕޯޓުން ކޮފީ މޭޒުދޮށުން ދިމާވި ޒުވާނާއާ އެއްވެސް ތަފާތެއް ނެތް ނަމަވެސް އިހުސާސްކުރެވެމުންދިޔައި އޭނާގެ ކުރިމަތީގައި ހުރީ މީގެ ކުރިން ދުވަހަކު ވެސް ދިމާވެފައިނުވާ މީހަކު ހެންނެވެ. ކުރިން ފެނުނު އިރަށްވުރެ މިހާރު އަދި މާފުރިހަމަހެން ވެސް ހީވެއެވެ.

“މަންމާ…” ދެމައިންނަށް ފާޑަކަށް ހުއްޓުން އަރާފައި ތިބިހެން ހީވެ ޔަލާ އޭނާގެ މަންމައާއި ކޮއްކޮއަށް ބަލާލާފައި ޞާބިރާއަށް ގޮވާލިއެވެ. އެއާއެކު ޞާބިރާއަށް ހިނިތުންވެލައިގެން ހުރި ޒަލަފްއާ ވާހަކަދައްކަންވީކަން ޞާބިރާއަށް ނަގައިގަނެވުނެވެ.

“ހިނގާ ކާންދަމާ… ކައިގެން އައިސް ވާހަކަދައްކާލަން މިތާ މަޑުކޮށްލާނީ” ޞާބިރާ އަވަހަށް ބުނެލިއެވެ. އޭރު ވެސް މޮޔައެއްހެން ލުހާ ހުރީ ޒަލަފްއަށް ބަލަހައްޓައިގެންނެވެ. އެކަން ޒަލަފްއަށް ވެސް ފާހަގަވިއެވެ. އޭނާ ތަންކޮޅެއް ބޮޑަށް ހިނިތުންވެލާފައި ލުހާއަށް އެއްލޯ މަރާލިއެވެ. އެ ހަރަކާތުން ލުހާގެ ދެ ލޯ ބޮޑުވެ ހޭންފެށިއެވެ. ޔަލާއަށް ވެސް ހެވުނީ ޒަލަފްކޮށްލި ސަމާސާ ފެނިފައެވެ.

 ބާރަށް ތެޅެމުންދިޔަ ހިތުގެ އަޑު އެހެންމީހަކަށް އިވިދާނެތީވެ ޒަލަފްއަށް އޭނާގެ މޭގައި މަޑުމަޑުން ފިރުމާލެވުނެވެ. އާދައިގެ ގޮތެއް ޚިޔާރުކުރާން އޭނާ މަސައްކަތްކުރަމުން ދިޔައެވެ. ޞާބިރާގެ ބެލުންތަކަށް ޚާއްޞަ ސަމާލުކަމެއް ދިނެވެ. ޔަލާއަށް އޭނާގެ ފަރާތުން ތަފާތުކަމެއް ފާހަގަނުކުރެވުނަސް ޞާބިރާއަށް ފާހަގަވެދާނޭތީ އެކަމާ ޒަލަފް ކަންބޮޑުވެއެވެ. އެގެއަށް ވަދެގެން އޭނާ އެ އައީ ނުބައި ނިޔަތެއްގައެއްނޫނެވެ. އާދައިގެ ދިރިއުޅުމެއް އުޅޭ ކުޑަކުޑަ ޢާއިލާއެކޭ ޒަލަފްގެ އަމިއްލަ ޢާއިލާއެކޭ މާބޮޑު ތަފާތެއްނެތެވެ. ޞާބިރާ ޚިޔާރުކުރީ ގޮނޑީގައި ޒަލަފް އިށީނެވެ. ޞާބިރާއާއި އޭނާގެ ދެ ދަރިން ވެސް ކާމެޒުދޮށުގައި އިށީނެވެ. ޔަލާ އިނީ ޒަލަފްއެކޭ އެއްގޮތަށް ޞާބިރާގެ ހަރަކާތްތަކަށް ބަލާށެވެ. މަންމައަށް ޒަލަފް ކަމުދާނެބާއޭ ހިތަށް އަރާފައެވެ.

ކެއުމަށް އިންސާފުކުރަމުން ދިޔައިރު ތަފާތު ވާހަކަތައް ދެކެވެމުންދިޔައެވެ. ސިއްރުކުރުމެއްނެތި ޒަލަފް އޭނާގެ މަންމަ ފަރާތު ޢާއިލާގެ ވާހަކަ ޞާބިރާއަށް އޮޅުން ފިލުވައިދިނެވެ. އަދި މިހާރު އަބްދުއްރަޢޫފާއި އަރީޝާ ފިޔަވައި އޭނާގެ އިތުރު މީހަކު ނެތްކަމުގައި ބުނެލިއެވެ. މިފަހަރު ވެސް އޭނާ ޒާލިފުގެ ވާހަކައެއް ހާމައެއްނުކުރިއެވެ. ޞާބިރާއަށް ޒަލަފްގެ މަޑުމައިތިރިކަން ކަމުދިޔައެވެ. ފެންނަފެނުމަށް ޒަލަފްގެ އެއްވެސް އައިބެއްނެތެވެ. ލުހާއަށް ޒަލަފްގެ ސޫރަ އެއަރޕޯޓުން ފެނި އެ ވާހަކަ ވެސް ޞާބިރާގެ ކަންފަތާ ހަމައަށް އައިސްފައި އޮތުމުން ޒަލަފްއަކީ ޒިންމާދާރު ޒުވާނެއްކަން އިތުރަށް އޭނާއަށް ޔަޤީންވިއެވެ. އެންމެ ބޮޑުކަމަކަށް އޭނާ ބޭނުންވީ ޒަލަފްގެ ޢާއިލާ އޮޅުން ފިލުވާށެވެ. އެ ޢާއިލާއަށް ދިމާވި ހިތްދަތިމަރުގެ ހާދިސާގެ ސަބަބުން ޞާބިރާގެ ހިތުގައި ޒަލަފްއަށް ހަމްދަރުދީ އުފެދިފައި އިނެވެ. ޔަލާގެ ހޮވުން ގޯހެއް ނުވިކަން އޭނާ ޤަބޫލުކުރިއެވެ. ރީހާންއާ ގުޅުވުމުގެ ޚިޔާލު ޞާބިރާގެ ހިތުގައި އޮތަސް އެ ޚިޔާލު މިހާރު ނެރެލައިފިއެވެ. ޒަލަފްއާއި ޔަލާގެ ޖޯޑު ޞާބިރާއަށް ވެސް ވަރަށް ކަމުހިނގައްޖެއެވެ.

“ކައިވެނި ކުރާން ވިސްނަންތަ؟” ޞާބިރާ އަހާލިއެވެ. އެއާއެކު ލުހާއާއި ޔަލާގެ ނަޒަރު ވެސް ޒަލަފްއަށް ހުއްޓުނެވެ. އޭނާ ދޭނީ ކޮންޖަވާބެއްބާއޭ އެމީހުން ހިތުންއަރާފައި ތިބި ކަހަލައެވެ.

“ލައްބަ… ވަރަށް އަވަހަށް…. އެކަމަކު އަދި ތާރީޚެއް ކަނޑައެއް ނާޅަން… ޔަލާ ވެސް ބޭނުންވާ ތާރީޚެއްގައި ކުރާން ބޭނުންވަނީ…” ޒަލަފް މަޑުމަޑުން މިހެން ބުނެލިއިރު އޭނާގެ ނަޒަރު ހުރީ ޔަލާއަށް އަމާޒުވެފައެވެ. ހީވީ ޔަލާ ބޭނުންވެފައި ހުރި ލަފުޒުތައް އޭނާ ބޭނުންވާނޭ ގޮތަށް ގަސްދުގައި ޒަލަފް އަތުރާލީ ހެންނެވެ. އޭނާ ބޭނުންވި ފަދައިން ޔަލާގެ މޫނުމަތިން އުފާވެރިކަމުގެ ހިނިތުންވުން ފައުޅުވެގެން ދިޔައެވެ. ދެ ޒުވާނުން އެކަކުއަނެކަކަށް ބަލަން އިންގޮތުން އެދެމެދުގައިވާ ވަރުގަދަ ލޯބި ޞާބިރާއަށް ވެސް ދެނެގަންނާކަށް އުނދަގުލެއްނުވިއެވެ. އޭނާ އުފާވީ ޔަލާދެކެ އެފަދަ ދަރަޖައަކަށް ލޯބިވާނޭ ބައިވެރިއަކު އެ ދަރިފުޅަށް ލިބުނީމައެވެ.

“މިހާރު ދެން މިގެއަށް ޒާލް ބީރައްޓެހިވެގެންނުވާނެ… ދޭތެރެދޭތެރެއިން ވާނެ މިގެއަށް އައިސް ވަދެލަން… ޔަލާއާ ގުޅެން އުޅޭއިރު މިވެސް ޒަލަފްގެ ޢާއިލާކަމުގައި ހީކުރަންވާނީ” ޞާބިރާ ބުންޏެވެ. ޒަލަފް މަޑުމަޑުން ބޯޖަހާލިއެވެ.

ކައިނިންމާފައި ނުކުމެ ސިޓިންރޫމުގައި ވާހަކަދައްކަން ތިބިއިރު ޞާބިރާ ކިޔައިދެމުން ދިޔައީ ޔަލާގެ ކުޑައިރުގެ ވާހަކަތަކެވެ. ޒަލަފް ނިކަން ގަޔާވެ އަޑުއަހަން އިނެވެ. އެހެން އިނދެފައި ޞާބިރާ ކުއްލިއަކަށް ކުރި ސުވާލުން ޒަލަފް ސިހުނެވެ.

“ވަރަށް ގިނައިރުވެއްޖެ މަންމަ މިހެން އަހަން ބޭނުންވެފައި ހުންނަތާ… ޒާލްގެ ލޮލުގައި ތި ނޫންކުލައެއްގެ ލެންސެއް ލައްވަން ނުވިސްނަންތަ؟ ކީއްވެތަ ރަތްކުލަ؟ ލޮލަށް ބަލާލީމާ އެވާގޮތެއް… އެކަމަކު ލޮލަށް ނުބަލާ ކިހިނެއް ވާހަކަދައްކާނީ… މީހާގެ ލޮލުގައި ފުރަތަމަ ވެސް އަޅައިގަންނާނީ…”

“އެއަރޕޯޓުން ފެނުނު އިރު ހުރީ ލެންސުލައްވާފައެއްނޫން” ޞާބިރާގެ ވާހަކައާ ގުޅުވާލާފައި ލުހާ ވެސް ބުންޏެވެ.

“މަންމާ… އެމީހަކަށް ރީތި ކުލައެއްނު ބޭނުންކުރާނީ” ޔަލާ މިހެން ބުނެލުމުން ޒަލަފް ވެސް ލިބިފައިވާ ހާސްކަން ކަނޑުވާލުމަށް ހީނލިއެވެ. އެއާއެކު ޞާބިރާ ވެސް އެކަން ބޮޑުކަމަކަށް ނުހަދައެވެ.

“ތީވެސް ތެދެއް… ޒާލްގެ ހުރި ތަފާތުގޮތެއް ތީ… ތަފާތުވެލަން ދޯ ރަތްކުލަ ދެލޮލަށް ލައްވައިގެން ތި އުޅެނީ” ހިނިއައިސްފައި އިނދެ ޞާބިރާ ބުނެލިއެވެ. އެއާއެކު ޒަލަފް އަވަހަށް ބޯޖަހާލިއެވެ.

ޔަލާއާއި ޒަލަފްއަށް އެކަނިވެލަން ވަގުތުކޮޅެއް ދީފައި ޞާބިރާ ގޮސް އޭނާގެ ކޮޓަރިއަށް ވަނެވެ. ލުހާ އިންތަނުން ފޫހިއްލާލަން ނޫޅުމުން ޔަލާ އޭނާގެ ކޮއްކޮއަށް ލޯ އަޅާލައި ސިއްރުސިއްރުން ތުންތަޅުވާލިއެވެ. ހީނލާފައި ވެސް ލުހާ އިނީ ނުދާނަމޭ ބުނާ ފަދައަކުންނެވެ.

“އަބަދު އޮޅުވާލައިގެން ނޫޅެވޭނެކަން މިއަދު އެނގިއްޖެއެއްނު… ފޮނިގަނޑު…. ކޮފީއިން ދިމާވީމާ އެނގޭކަމަށް ވެސް ނުހަދާ އިނީ…” ލުހާ އެ ދައްކަނީ ކޮންވާހައެއްކަން ޒަލަފް ނިކަން އަވަށް ދެނެގަތެވެ. ޔަލާ އެ ހާދިސާގެ ވާހަކަ ޒަލަފްއަށް ކިޔައިދީފައި އޮތްކަން އެއީ ނަސީބެކޭ އެވަގުތު ޒަލަފްގެ ހިތަށް އެރިއެވެ.

“މިހާރު ދެން ރަސްމީކޮށް ބައްދަލުވީއެއްނު… އެހެންވީމަ ދެން ނޭނގޭކަމަކަށް ނުހެދޭނެ އެއްނު” ޒަލަފް ބުންޏެވެ.

“މި ލޫ އެ އިންނަނީ ޒާލްއާ ދިމާކޮށްލާނަމޭ ހިތާ… ހިނގާ ބޭރު ޖޯއްޔަށް” ލުހާގެ ކައިރިން ޒަލަފް ސަލާމްކޮށްގެން ގެންދަން ޔަލާ ބުނެލިއެވެ.

ދެ ޒުވާނުން ނުކުމެ ޖެހިގެން ހުރި ދެ ޖޯލީގައި އިށީނެވެ. ޖޯލީގެ ތެރެއަށް ދެފައި އަރުވާލައިގެން އެއްފަރާތަކަށް ކުޑަކޮށް އެނބުރިލައިގެން އިނދެ ޔަލާ ވާހަކަދެއްކިއެވެ.

“ތެންކިއު… އައި ލަވް ޔޫ ސޯ މަޗް… ޒާލް މިއަދު އައީމަ އަހަންނަށް ޔަޤީންވެއްޖެ ޒާލް އަހަރެންދެކެ ލޯބިވާވަރު… ކުރިން އިތުބާރު ނުކުރަނީކީނޫން، އެކަމަކު މިހާރު އަހަންނަށް ދެލޯ މަރާލައިގެން ހުރެ ވެސް ޒާލްއަށް އިތުބާރުކުރެވޭނެ އެއްވެސް ޚިޔާލެއްފިކުރެއްނެތި… މަންމަ ގާތުގައި މެރީ ކުރާ ވާހަކަ ދައްކަން ކެރޭނެކަމަކަށް އަހަރެން ހިޔެއްނުކުރަން، އަހަރެން ވެސް އަދި އެކަހަލަ ވާހަކައެއް ނުދައްކަން….” ޔަލާ ހީނލިއެވެ.

“އަހަރެން ޔަލާދެކެ ލޯބިވާވަރު ހާމަކޮށްދޭން ކޮންމެފަދަ ދަރަޖައަކަށް ވެސް ހިނގައިދާނަން… ކައިވެނިކުރުމަކީ ހަމައެކަނި ޔަލާގެ ހުވަފެނެއްނޫން… އަހަރެން މިހާރު ކުރާން އެންމެ ބޭނުންވާ ކަމަކީ އެއީ… ޔަލާއާއެކު ދިރިއުޅުމެއްފެށުން… އެކަމަކު އެބައޮތް ވާހަކައެއް ބުނާންވެފައި” ޒަލަފްގެ ލޮލުން ހިސާބެއްގެ ކަންބޮޑުވުމެއް ޔަލާއަށް ފެނިގެންދިޔައެވެ.

“ކިހިނެއްވީ؟” ޔަލާއަށް އަހާލެވުނެވެ.

“އަހަރެންގެ މަންމަމެން މިކައިވެންޏާ މެދު ޤަބޫލެއްނޫން… އެމީހުންގެ ފަރާތުން ރުހުން ލިބިދާނެކަމާމެދު ޔަލާ އުންމީދުނުކުރުން ރަނގަޅުވާނީ…”

“އެއީ ކީއްވެ؟ ޒާލް މަންމައަށް އަހަރެން ކަމުނުދަނީތަ؟ ކޮބާ މައްސަލައަކީ؟” ޔަލާއަށް ލިބުނު ޙައިރާންކަމާ އެއްވަރަށް އޭނާގެ ހިތް ނުތަނަވަސްވިއެވެ.

“އަހަންނާއި ޔަލާ އެކަށީގެން ނުވަނީ… އެހެންވެ ޔަލާއާ ގުޅިގެން ނުވާނެކަމަށް…” ޒަލަފް މަޑުމަޑުން ބުނެލިއިރު ހަޤީޤަތްވަނީ އޭނާގެ ދުލުން ބޭރުވި ލަފުޒުތަކުގެ ތެރޭގައި ހަޒުފްވެފައެވެ.

“ނޫން! އެއީ ޤަބޫލުކުރެވޭ އުޒުރެއްނޫން، މިޒަމާނުގައި މިހާރަކު ނުބަލާނެ ފަންތިއަކަށް، އަހަރެން ކޮންމެ ހާލެއްގައި ވިޔަސް ޒާލްއާއެކު އުޅޭނަން… ޝަކުވާއެއް ނުކުރާނަން…” ޔަލާ ބުނެލިއެވެ.

“އެމީހުން ނުރުހުނަސް އަހަރެން ޔަލާއާ ކައިވެނިކުރާނަން، އެކަމާ ދެރަނުވޭ… މިހެން ބުނަން ޖެހުނީ ޔަލާ ބޭނުންވެދާނެ އަހަރެންގެ ޢާއިލާގެ ގާތަށް ދާން… އެމީހުން ޔަލާ ބަލައިނުގަންނައިރު ކިހިނެއް އެމީހުންގެ ގާތަށް ޔަލާ ގެންދާނީ”

ޒަލަފްގެ ވާހަކަތައް ޔަލާ ޤަބޫލުކުރިއެވެ. އޭނާގެ ޢާއިލާ ނުރުހޭނަމަ އެ ޢާއިލާއާ ޔަލާ ބައްދަލެއް ނުކުރާނެއެވެ. އޭނާއަށް މުހިންމީ ޞާބިރާގެ ރުހުމެވެ. އެވަރުން އޭނާ ހުންނާނީ އުފަލުންނެވެ. ހަމައެއާއެކު ޒަލަފް ހުރީ ޔަލާއާ ގުޅޭށެވެ. ވީއިރު ޔަލާ ހާސްވާންޖެހޭ ކަމެއް ނެތްކަމުގައި އޭނާ ޤަބޫލުކޮށްލިއެވެ.

މެންދުރުފަސްވެ ދޭއްޖަހައި ދިޔަފަހުން ޒަލަފް ގެއަށް ދާން ޔަލާމެން ގެއިން ނުކުތެވެ. ފަހުން ބައްދަލުވާނޭ ކަމުގައި ބުނެފައެވެ. ޔަލާ ދޮރޯށި ލައްޕާލުމާއެކު ފަރާތްފަރާތަށް އަވަސް ނަޒަރެއް ހިންގާލާފައި ޒަލަފް ޢައިބުވެއްޖެއެވެ.

“ކަލޭތަ؟ ފަހަތުން އަޅައިގެން އުޅޭ ވައްތަރަށް ތި އުޅެނީ ކިހިނެއްވެގެންތަ؟ ބައްޕަތަ ފޮނުވީ؟” ޒަލަފް ގެއަށް ވަންނަން އުޅުމުގެ ތެރޭގައި މީހެއްގެ އިހުސާސް ވެގެން އެއްފަރާތަށް ބަލާލުމަށްފަހު ވާހަކަދެއްކިއެވެ. އާދައިގެ އިންސާނަކަށް އެތަނުގައި ހުރި މަޚުލޫޤެއް ނުފެންނާނެއެވެ. ޒަލަފް ދެއްކި ވާހަކަ އޭނާއަށް އަޑުއިވުނު ކަމަކަށް ނުހަދައެވެ. ބަލަހައްޓައިގެން ހުއްޓާ މައްޗަށް އަރައިގެން ގޮސް އެ އެއްޗެއް ވިދުވަރެއްފަދައިން ގެއްލިއްޖެއެވެ. އެއާއެކު ހަރުކޮށް ހިނގާލާފައި އައިސް ގޭޓު ހުޅުވާލުމާއެކު ޒަލަފް އެތެރެއަށް ވަނެވެ.

“ޒަލަފް…” ގޭގެ ބިއްދޮށް ފަރާތުން ނުކުމެގެން އައިސް އަބްދުއްރަޢޫފު ގޮވާލަމުން އަތުން އިޝާރާތްކުރީ އޭނާގެ ގާތަށް އައުމަށެވެ.

ޒަލަފް މަޑުމަޑުން އައިސް އަބްދުއްރަޢޫފު ގާތުގައި މަޑުކޮށްލުމުން އޭނާ ވަރަށް ރަނގަޅަށް ޒަލަފްގެ މޫނަށް ބަލާލިއެވެ. ޒަލަފް ހުރީ އަބްދުއްރަޢޫފަށް ނުބަލަން އިސްޖަހާލައިގެންނެވެ. މިފަހަރު އަބްދުއްރަޢޫފަށް އެ މަޚުލޫޤެއް ގެނެސްދިނީ ކޮން ޚަބަރެއްބާއޭ ޒަލަފްގެ ހިތަށް އަރަމުން ދިޔައެވެ. އޭނާގެ ޒާތީ ދިރިއުޅުމަށް ހުރަސް އަޅަން އަބްދުއްރަޢޫފު މަސައްކަތް ކުރަނީއޭ ވެސް ޒަލަފްއަށް އޮތީ ހީވެފައެވެ.

“މިތާ ތިބެގެން ދައްކަން ބޭނުން ހުރިހާ ވާހަކައެއް ނުދެއްކޭނެ… މިހާރު ވެސް ޒަލަފްއަށް ފާރަލާ މީހުން މަދެއްނޫން، އެކަން އެނގޭތަ؟” އަބްދުއްރަޢޫފު މިހެން ބުނުމާއެކު ޒަލަފް އިސްޖަހައިގެން ހުރެ ދެފަރާތަށް ބޯހޫރާލިއެވެ. އަދި އަބްދުއްރަޢޫފުގެ ފަހަތުން ގޭތެރެއަށް ވަންނަން ހިނގައިގަތެވެ.

ޒަލަފްގެ ކޮޓަރިއަށް އައިސް ވަނުމާއެކު އެ ކޮޓަރިއަށް އަބްދުއްރަޢޫފު ބަލާލިއެވެ. އެންމެފަހުން އެ ކޮޓަރިއަށް އޭނާ ވަނީ ކޮންދުވަހަކު ކަމެއް ހަނދާނެއް ވެސް ނެތެވެ. ޒަލަފްއަށް އޭނާ ބޭނުންވާނެ މިނިވަންކަން ވަރަށް ބޮޑަށް ވަނީ ދީފިއެވެ. ފިލާގަނޑުތަކާއި ތަފާތު ކެންވަސްތަކުގައި ކުރަހާފައިވާ ކުރެހުންތައް ކޮޓަރީގެ އެތަން މިތަނުގައި ހުއްޓެވެ. އޭގެ ތެރެއިން ވެސް ޚާއްޞަ ކުރެހުންތައް އެކޮޓަރީގެ ފާރު ތަކުގައި ހަރުކޮށްފައި ހުއްޓެވެ. އަރީޝާ އެ ކޮޓަރި ކޮންމެ ދުވަހަކު ސާފުކުރާތީވެ އެނދުގެ ތަންމަތި އޮތީ ރީތިކޮށެވެ. ހަމައެއާއެކު ކޮޓަރިތެރޭގެ އެތަން މިތަނުގައި އަންނައުނުތަކެއް އުކާފައެއް ނެތެވެ. ހަމައެކަނި ހުރީ ޒަލަފް ކުރަހަން ބޭނުންކުރާ ސާމާނުތަކެވެ. އަބްދުއްރަޢޫފު އެ ކޮޓަރީގައި އަބަދުހެން ހުޅުވާފައި ހުންނަ ކުޑަދޮރު ލައްޕާލާފައި އައިސް އެނދުގައި އިށީނެވެ. އަދި ކުޑަދޮރުގެ ކައިރީ ހުރި ގޮނޑީގައި އިށީނުމަށް ޒަލަފްއަށް އިޝާރާތް ކުރިއެވެ.

“ބައްޕަ ފަންޑިތަ ހެދުމުގައި ޖިންނީންގެ އެހީތެރިކަން ހޯދަން، އެ މީހުންނަކީ ކަންކަން ކުރުމުގައި ބާރުގަދަ ހަލުވި ބައެއް… ޒަލަފްއަށް ބައްދަލުވި ޖިންނިއަށް ކިޔަނީ އިމްރާން، އޭނާއަކީ މުއިމިން ޖިންނިއެއް… އޭނާގެ އެހީތެރިކަން ބައްޕަ ނުހޯދަން އެއްވެސް ގޮތެއް ނެތިއްޔާ ނޫނީ… އަހަރުމެން އިންސާނުންނަށް އެއްބާރުލުން އެމީހުން ދޭއިރު އެ މީހުންގެ ފުރާނައަށް ވެސް އެކަމުން ގެއްލުންވޭ، އިމްރާންއަކީ ބައްޕަގެ ބައްޕަ އިރުގައި އިސްލާމްވި ޖިންނިތަކުގެ ތެރެއިން އެކަކު… އޭނާގެ ވެސް ޢާއިލާއެއް އޮވޭ އެހެންވިޔަސް ބައްޕައަށް ބޮޑުކަމެއް ޖެހޭ ދުވަހަކުން އެހީތެރިކަން ފޯރުކޮށްދޭނަން ކަމަށް އޭނާ ވަނީ ވަޢުދުވެފައި… އިންސާނުންނާއި ޖިންނީން ފަހަނައަޅައި ދާން ނުޖެހޭވަރުގެ އިމެއް އޮންނާނެ… އެކަން ޒަލަފްއަށް އެންމެ ކުޑައިރުއްސުރެ ބުނެދެވުނު ނަމަ މިއަދު ޒަލަފްއަށް ވިސްނޭނެކަން ޔަޤީން… ހަޤީޤަތުގައި ބައްޕަމެންގެ އިހުމާލު ވަރަށް ބޮޑު…. ޒަލަފްއަށް އެނގޭތަ، ރަޚަބްމެން ތައްޔާރުވޭ އެބަ ޒަލަފް ބަލާ އަންނަން… އެ މީހުން ކުޑަ ވެސް ދުލެއްނުދޭނެ… މިފަހަރު ވަކިވެއްޖެނަމަ މީ އަބަދީ ވަކިވުމެއް… އެމީހުންގެ އަތްދަށުވެއްޖެނަމަ ޒަލަފަށް އެއްވެސް އިންސާނަކާ ބައްދަލެއް ނުކުރެވޭނެ، ކުރެވުނަސް ކުރެވޭނ އެތައް ސަތޭކަ އަހަރަކަށްފަހު… އިންސާނުންނަކީ އެމީހުންނާ އަޅާބަލާއިރު އުމުރުކުރުބަޔެއް، އެހެންވެއްޖެނަމަ ޒަލަފްއާ އަހަރުމެންނާ ބައްދަލެއްނުވާނެ… އިމްރާންގެ ބާރުގަދަކަން ޒަލަފްއަށް އެނގޭނެކަމަށް އޭނާ ބުނަނީ… އަދި އޭނާ އެދެނީ ޒަލަފް އެމީހުން ފަދައިން ވުމަށް… އިންސާނުންނާ ދުރުހެލިވުމަށް… ބޮޑުކަންތައްގަނޑެއް ނުހިނގާ އެ މީހުންގެ ގާތަށް ޒަލަފް ދިއުމުން އިތުރު ރައްކާތެރިކަން ވެސް ލިބޭނެ…”

“އަހަރެން މިގެއާ އަހަރެންގެ ޢާއިލާ ވެސް ދޫކޮށްލާފައި ދާންވީއޭތަ ބައްޕަ ތި ބުނަނީ…”

“އިމްރާންއާއެކު ހިނގައްޖެނަމަ ދަރިފުޅު ބޭނުން ވަގުތަކު މަންމަގެ ގާތަށް އާދެވިދާނެ… ބައްޕައަށް ވެސް ފެންނަ އެންމެ ރަނގަޅުގޮތް އެއީ… އަހަރުމެންގެ ތެރޭ ޒަލަފް އުޅޭނަމަ އިންސާނުންނާ ދުރަށް ދުވަހަކުވެސް ޒަލަފްއަކަށް ނުދެވޭނެ” އަބްދުއްރަޢޫފު އޭނާ ބޭނުންވާގޮތް ހާމަކުރިއެވެ. ޒަލަފް ގޮނޑިން ތެދުވެ އަބްދުއްރަޢޫފަށް ފުރަގަސް ވާނޭހެން ކުޑަދޮރުގެ ކައިރީ މަޑުކޮށްލިއެވެ.

“ކޮންމެހެން އިމްރާނާއެކު ނުދިޔައެއްކަމަކު މި ޢާއިލާ ދޫކޮށްލާފައި އަހަރެން ހިނގައިދާނަން… އަދި ދުވަހަކު އެނބުރި ނައިސް ވެސް އުޅެދާނަން… އެއްބައެއްގެ އަތުން ސަލާމަތްވެގެން އަނެއްބައެއްގެ ހައްޔަރުގެ ދަށަށް ދިއުމަށްވުރެ އެ ގޮތް މާރަނގަޅުވާނެ” ހިތްހަމަނުޖެހިފައި ހުރެ ޒަލަފް ބުނެލިއެވެ.

އަބްދުއްރަޢޫފު ވިސްނައިދޭން ބޭނުންވިޔަސް ޒަލަފްގެ ސިކުނޑިއަށް އޭނާ ޔަލާއާ ވަކިން އުޅޭނޭ ގޮތެއް ނުވިސްނެއެވެ. ހަމައެއާއެކު ބޯމަތިވަމުން އަންނަ ކޮޅިގަނޑުގެ ނުރައްކާތެރިކަން އޭނާއަށް ކުޑަކޮށް ވެސް އަންދާޒާނުކުރެވެއެވެ. އަބްދުއްރަޢޫފުގެ ތަޖުރިބާގައި ބުނަމުން ދާ ވާހަކަތަކަށް ވެސް ޒަލަފް ސަމާލުކަމެއް ދޭން އުޒުރުވެރިވަނީއެވެ. އިމްރާނުގެ އެންމެ ބޮޑު ބޭނުމަކީ އޭނާއާއި ޔަލާ ވަކިކުރުން ކަމުގައި ޒަލަފްއަށް ހީވާތީއެވެ.

އަބްދުއްރަޢޫފު ކޮޓަރިން ނުކުމެގެން ދިޔައީ ނުހަނު މާޔޫސްވެފައި ހުރެއެވެ. ދެވަނަ ފަހަރަށް އަރީޝާއަށް ޖިންނީގެ އުނދަގޫ ޖެހިދާނެތީ ކަންބޮޑުވެފައި ހުރެއެވެ. ހަމައެއާއެކު އަމިއްލަ އިހުމާލާ މެދު ފިކުރުބޮޑުވެފައި ހުރެއެވެ.

* * * *

“މަންމާ… ކިހިނެއްވަނީ؟ އޯކޭތަ؟” ޞާބިރާގެ ކޮޓަރިއަށް ވަންގޮތަށް ޔަލާ އަހާލިއެވެ. ހިނިތުންވެލި ޞާބިރާ ބޯޖަހާލިއެވެ.

“ހީވަނީ ވަރަށް ރަނގަޅު ޒުވާނެއެއްހެން… ޔަލާ އުފަލުގައި ބަހައްޓަންޏާ މަންމައަށް އެންމެ ރަނގަޅު، ހީވޭ ދަރިފުޅާ ކައިވެނި ކުރާން ބޭނުންވެފައި ހުރިހެން”

“އާން މަންމާ… ދެން ކީއްކުރަން އެހާ ދުވަހު ރައްޓެހިވެގެން އުޅެނީ… އުމުރުން ދުވަސްތަކެއް އެކަމުގައި ދާނީ، އެއަށްވުރެ ދެ މީހުންނަށް ވެސް އެކަކު އަނެކަކު ކަމުދަންޏާ ކައިވެނިކުރީމައެއްނު ރަނގަޅުވާނީ… އަހަންނަށް އެނގޭ މަންމަ ވެސް ބޮޑަށް ހިތްހަމަޖެހޭނީ ރައްޓެހިވެގެން ގިނަ ދުވަހު އުޅުމަށްވުރެ ކައިވެނިކުރީމަކަން”

“ކުއްޖަކާ ރައްޓެހިވީމަ ހާދަ ވިސްނުންވެސް ރަނގަޅުވެއްޖެއޭ ދޯ…” ޞާބިރާ މިހެން ބުނުމުން ޔަލާ ހޭންފެށިއެވެ.

ލިބުނު އުފާވެރި ޚަބަރު އެންމެ ފުރަތަމަ ވެސް ޔަލާ ދިނީ ރީހާންއަށެވެ. ޞާބިރާގެ ރުހުން ލިބުމުން ރީހާންއަށް ކާންދޭންވެފައި އޮތްކަން އޭނާ ޔަލާއަށް ހަނދާންކޮށްދިނެވެ. އެހެންވެ ކުރިއަށް އޮތް ހަފްތާ ތެރޭން ދުވަހެއް ޔަލާ ހަމަޖެއްސިއެވެ. ޒަލަފް ފަދައިން އެގެއަށް ރީހާން އަންނަ ފުރަތަމަ ފަހަރެވެ. އެހެންވެ ރީހާންއަށް ވެސް ޚާއްޞަ ކެއުމެއް ތައްޔާރުކުރާން ޔަލާ ނިންމިއެވެ.

މަޣްރިބު ނަމާދަށް ގޮވި އަޑާއެކު ޞާބިރާ ހަނދާންވީ ރޯނުގައި ހިއްކަން އަޅާފައި ހުރި ބެޑުޝީޓުތައް ނުނަގާ ހުރިކަމެވެ. ސޯފާގައި އިން ޔަލާއަށް ގޮވާލާފައި ޞާބިރާ އޭނާ ފޮނުވީ ދޮވެފައި ހުރި އެއްޗެހި އެތެރެއަށް ވެއްދުމަށެވެ.

“ލުހާ އާދެބަލަ… އަހަންނަށް ހުރިހާ އެއްޗެއް ނުގެނެވޭނެ” ތެދުވެގެން ހިނގައިގަންނަމުން ޔަލާ ބުނެލިއެވެ. ނަމަވެސް އޭނާ އިންތަނުން ފޫހިއްލައެއްނުލިއެވެ.

“މަންމާ… ދުށިންތަ އުޑުމަތި؟” ސިޓިންރޫމު ދޮރުން ބޭރަށް ނުކުމެލުމާއެކު ޔަލާ އަހާލިއެވެ.

“ކިހިނެއްވީ؟ ވިއްސާރަ ނަގާފަތަ؟” ފަހާފޮށި ކައިރީ ބާލީސް އުރަތަކެއްގެ ކައިރި ހަދަން އިން ޞާބިރާ ބުންޏެވެ.

“ވެދާނެ އެހެންކަމަށް ވެސް، ރަތްކަމުން… މިހާވަރަށް އަދި ރަތްވިލާ ލާފައި އޮއްވާ އަހަރެން ނުދެކެން” ޔަލާގެ ވާހަކައަށް ލުހާގެ ސަމާލުކަން މިފަހަރު ލިބުނެވެ. އޭނާ ސޯފާއިން ތެދުވެގެން ސިޓިންރޫމު ދޮރު ކައިރިއަށް އައިސް މަތި ބަލާލިއެވެ.

“މިހެން އޮތިއްޔާ އިރުއޮއްސޭ މަންޒަރު ވަރަށް ސަޅިވާނެކަންނޭނގެ… ދުއްވާލަން ދާހިތްވެއްޖެ” އުޑުމައްޗަށް ބަލަން ހުރެފައި ލުހާ ބުނެލިއެވެ. މަޑުމަޑުން ބުނެލި ނަމަވެސް ޞާބިރާއަށް އޭނާ ބުނި އެއްޗެއް އިވުނެވެ.

“އުހޫން! ކޮންމެހެން މިގަޑީގައި ބޭރަށް ނުކުންނަން އުޅޭނެކަމެއްނެތް… ނަމާދަށް އަރަން ދާންވީ” ހަރުކަށި ގޮތް ދައްކާލަމުން ޞާބިރާ ބުންޏެވެ. އެހިނދު ލާނެތްގޮތަކަށް ޔަލާ ހީނލީ ލުހާއާ ދިމާކޮށްލަމުންނެވެ.

ޔަލާ ފައިވާނަށް ފައިކޮށްޕާލުމާއެކު ގޭގެ ބިއްދޮށް ފަރާތަށް ދިއުމަށް ހިނގައިގަތެވެ. ލުހާ ސޯފާއާ ދިމާއަށް ދަމުން އާފުރެލިތަން ދަތްގަނޑު ދަށުގައި އޮތް ބާލީސް އުރަ ނަގާ ފަހާފޮށީގެ މަތީ އަޅުވާލި ޞާބިރާއަށް ފެނުނެވެ. ނަމާދުނުކޮށް ނިދާފާނެއޭ ހީވެ އޭނާ ވަގުތުން ލުހާ ފޮނުވާލީ ކޮޓަރިއަށެވެ. ވުޟޫކޮށްގެން ނުކުންނާށެ ބުނެފައެވެ.

“ޔަލާ… މަންމަ ނަމާދަށް އަރަން މި ވަންނަނީ، އެއްޗެހިތައް ގެނެސް ސޯފާގައި ބަހައްޓާލައި” ސިޓިން ރޫމު ދޮރުމަތީ ހުރެފައި ތަންކޮޅެއް ބާރަށް ޞާބިރާ ބުންޏެވެ. އެހިނދު “އާނއެކޭ” ޔަލާ ބުނި އަޑު ޞާބިރާއަށް އިވުނެވެ. އެހެންވެ އޭނާ ވެސް އައިސް ކޮޓަރިއަށް ވަނީ ނަމާދަށް ތައްޔާރުވާށެވެ.

ފާރުމަތީ ޖަހާފައި ހުރި ހޮޅިއަކަށް އެއްކޮޅު އަދި ފޭރުގައި އަނެއްކޮޅު އައްސާފައި ހުރި ދެ ރޯނުގައި އަޅުވާފައި ހުރި އެއްޗެހި ޔަލާ ނަގަންފެށިއެވެ. ބެޑުޝީޓާއި ބާލީސް އުރަތަކައި ކަންނެޔޮ އުރަތައް ނަގާ އަތުގެ ތެރެއަށް ގުޅަ ކޮށްލާފައި އަނެއްކާ އަނެކަތި ނަގަން ޔަލާ ކައިރިވެލައެވެ. ބިއްދޮށު ރޯނުގައި އަޅުވާފައި އޮތް ބެޑުޝީޓަށް ދަމާލުމާއެކު ޔަލާ ސިހުނެވެ. ހީވީ ރޯނުގެ އަނެއްފަރާތުގައި މީހަކު ހުރެފައި އެ ބެޑުޝީޓަށް ދަމައިގަތް ހެނެވެ. ކުޑަކޮށް ޖެހިލުންވެފައި ވެސް މާބޮޑު ކަމަކަށް ނުހަދާ އަތްމަތި އަވަސްކޮށްލަން އުޅުނެވެ. ބެޑުޝީޓާ ޖެހިގެން ރޯނުގައި އޮތް ތުވާލި ނަގާފައި އަނެއްކާ ވެސް ބެޑު ޝީޓު ނަގަން ޔަލާ ހިފާލިއެވެ. ފަސޭހަކަމާއެކު އަތަށް އައިސް އައިސް ހުރި ބެޑުޝީޓު ރޯނުން ނުނެއްޓެނީސް އަނެއްކާ ވެސް މީހަކު އޭގައި ހިފާ ލުއްކިއެއް ޖަހައިފިއެވެ. އެއާއެކު ޔަލާ ބިރުގަންނަ ގޮތްވެއްޖެއެވެ. މަޑުމަޑުން ބެޑުޝީޓަށް ދަމާލިއިރު ވެސް އެ މީހަކު ހުރީ އޭގައި ހިފަހައްޓައިގެންނެވެ.

“ޔަލާ…” ވައިއަޑުން ކަންފަތް ދޮށުގައި މީހަކު ގޮވާލިއެވެ. ނަމަވެސް އެއީ އަންހެނެއްގެ އަޑުކަމެއް ފިރިހެނެއްގެ އަޑުކަމެއް ވަކިކުރާކަށް ނޭނގުނެވެ. އަދި އަޑު އައީ ކޮން ދިމާއަކުން ކަމެއް ވެސް ނޭނގުނެވެ. ދެ ކަންފަތް ކައިރީ ދެފަރާތުގައި ދެ މީހުން ތިބެފައި ބުނިހެން ވެސް ހީވެއެވެ. އެކަމަކު އަޑުގައި ދެ މީހަކު ގޮވާލިކަމުގެ އަސަރެއް ނުވެއެވެ.

ލިބުނު ސިހުމާއި ބިރުވެރިކަމެއްގެ ސަބަބުން ޔަލާގެ މެޔަށް ތަދުވާގޮތްވިއެވެ. ރޯނުގައި އޮތް ބެޑުޝީޓު ދޫކޮށްލާފައި އޭނާ ގޭތެރެއަށް ދިއުމަށް އެނބުރިލި ވަގުތު ކުރިމަތީ ބޮޑު ހިޔަންޏެއް ހުއްޓެވެ. ހަޅޭލަވައިގަތުމަށް އަނގަހުޅުވާލި އިރު އަޑެއް ނުނިކުމެވެ. ކުރިމަތީ ހުރި ހިޔަނީގެ މޫނު ހުރީ އާދަޔާ ޚިލާފަށް ބޮޑުކޮށެވެ. އަނގުރުގަނޑެއް ފަދައިން އަނދައަނދާ ހުރި ދެލޮލެވެ. ނޭފަތެއް ހުރިކަމެއް ވެސް ނޭނގެއެވެ. ނެގިނެގިފައި ޖެހެމުންދިޔަ ޔަލާ ހިތް ހުއްޓުމަށް އައިސްދާނެހެން ހީވާ ކަހަލައެވެ. އަޅާ އިތިކޮށް ދުއްވައިގަންނަން ހިތަށް އެރިނަމަވެސް ހަރަކާތެއްކޮށްނުލެވުނެވެ. ދެން ފެނުނީ ކުރިމަތީ ހުރި އެތި އަނގަހުޅުވާލި ތަނެވެ. އަނގައިގެ މިޔަ ކަންފަތު ފޫޅުގަނޑާ ހަމައަށް ދެފަރާތުން ދެމިފައިވެއެވެ. ތޫލި ހަޅޭކެއްގެ އަޑު ކަންފަތުގައި ޖެހުނީ ދެނެވެ. ޔަލާގެ ބޮލުގެ ނާށިގަނޑު ފަޅައިގެން ހިނގައިދާނެހެން ހީވިއެވެ. ހަރަކާތެއް ނުކުރެވިފައި ހުރި ޔަލާގެ ދެލޮލުން ބިރުވެރިކަމުގެ ކަރުނަތައް އޮހެންފެށިއެވެ. ދެ ލޯ މަރަން ބޭނުންވިޔަސް އެކަން ވެސް އޭނާއަށް ނުވިއެވެ. ހަޅޭކުގެ އަޑައިގެން ދިއުމާއެކު ޔަލާއަށް ހީވީ އޭނާގެ ގަޔަށް ކަށިތަކެއް ހެރެން ފެށިހެނެވެ. ފޮށްޓަކަށްލާ އޭނާ ބަންދުކޮށްލާފައި ހުރި ފަދަ އިހުސާސެއް ކުރެވެން ފެށިއެވެ. ނޭވާލާންވެސް އުނދަގޫވެފައި ހުއްޓެވެ. ހިތަށް އައި ހެޔޮ އެއްޗެއް ކިޔަން މަސައްކަތް ކުރުމާއެކު ހީވީ މީހަކު އޭނާގެ އިސްތަށިގަނޑުން ކޮންމެ އިސްތަށްޓަކަށް ވަކިންވަކިން ދަމާ ހެނެވެ. އަދި މީހަކު އޭނާގެ ކަރުބުޑަށް އަތްކޮށްޕާހެން ވެސް ހީވެއެވެ. ކަރުތެރޭ ދަވަތަށް ހެދި ކަރު ފުއްޕަން ފެށިއެވެ.

މަޣުރިބު ނަމާދުން ފައިބައި ޤުރުއާން ކިޔަވަން އިނދެފައި ޞާބިރާ ކޮޓަރިން ބޭރަށް ބޯދިއްކޮށްލިއެވެ. ސޯފާގައި ދޮވެފައި ހުރި އެއްޗެހި ބަހައްޓާށޭ ޔަލާ ގާތު ބުނީމާ ވެސް އެތަނުގައި އެއްވެސް އެއްޗެއް ނެތުމުން ޞާބިރާ ހައިރާންވިއެވެ. އޭނާ އައިސް ލުހާގެ ކޮޓަރި ހުޅުވާލި އިރު ފޯނު ހިފައިގެން އެނދުގައި އޮތެވެ.

“ޔަލާ ކޮބާ؟” ޞާބިރާ އަހާލިއެވެ.

“ހީވަނީ ކޮޓަރިއަށް ދިޔައީހެން… އެކަހަލަ އަޑެއް އިވުނު” ފޯނަށް ގެއްލިފައި އޮވެ ލުހާ ބުންޏެވެ.

“ނަމާދުކޮށްގެން ތި އޮތީ” ލުހާ ފޯނަށް ގެއްލިފައި އޮތްވަރު ފެނި ޞާބިރާ ސުވާލުކޮށްލިއެވެ. ނިކަން އަވަހަށް ލުހާ އާނއެކޭ ބުންޏެވެ.

“އެއްޗެހިތައް ކޮޓަރިއަށް ގެންދިޔައީ ކަންނޭނގެ” ލުހާގެ ކޮޓަރީގެ ދޮރު ލައްޕާލާފައި ޞާބިރާ ހިތާހިތުން ބުނެލިއެވެ. އަދި ފާރުގައި ހުރި ކަލަންޑަރުން ޢިޝާ ނަމާދަށް ގޮވާއިރެއް ބަލާލާފައި އަނެއްކާ ވެސް ވަނީ ކޮޓަރިއަށެވެ.

އިޝާ ނަމާދުކޮށް ނިމިގެން ޞާބިރާ ކޮޓަރިން ނުކުމެ ބަދިގެ ފަރާތަށް ދިޔައީ ކާން ހަދަންވާއިރަށް އެއްޗެހި ހޫނުކުރާށެވެ. އޭނާ މޭޒުމަތި ތައްޔާރުކުރަން އުޅެނިކޮށް އެތަނަށް ލުހާ އައިސް ވަނެވެ.

“މަންމާ… ޔަލް ކޮބާ؟” ލުހާ އަހާލިއެވެ.

“ލުހާ އެއްނު ބުނީ ކޮޓަރީގައޭ…” ބޮޑުތަށްޓަށް ބަތްއަޅައިގެން ގެނެސް މޭޒުމަތީ ބަހައްޓަމުން ޞާބިރާ ބުނެލިއެވެ.

“އަހަރެން ހީކުރީ ޔަލާ ކޮޓަރީގަ ކަމަށޭ… އެކަމަކު މިހާރުނެތް… ފާޚާނާއަކު ވެސް ނެތް…” ލުހާ ބުނެލިއެވެ. އެހިނދު ޞާބިރާގެ ހަރަކާތްތައް ހުއްޓުމަކަށް އައެވެ.

“ކޮންތާކަށްބާ އެ ދިޔައީ… ދޮވެފައި ހުރި އެއްޗެހި ޔަލާގެ ކޮޓަރީގައި ހުރިތަ؟” ނުތަނަވަސްކަން ވެރިވެގެން ދިޔަ ޞާބިރާ އަވަސްއަވަހަށް ވާހަކަދެއްކިއެވެ.

“ނުދެކެން…” ހައިރާންވެފައި ލުހާ ބުންޏެވެ.

ޞާބިރާ ކުރަން ހުރި މަސައްކަތް ދޫކޮށްލާފައި އޭނާ ބަދިގެފަރާތުން ނުކުމެ ޔަލާ ވީ ހިސާބެއް ބަލަން އަވަސްވެގަތެވެ. އޭނާގެ މޫނުމަތިން ހިސާބެއްގެ ކަންބޮޑުވުން ފައުޅުވަމުން ދިޔައިރު ޞާބިރާގެ ހަރަކާތްތަކަށް ބަލަން ހުރި ލުހާ ވެސް އޭނާގެ ފަހަތުން އައެވެ.

“ޖޯލީގައި އޮވެދާނެ” ސިޓިންރޫމުން ބޭރަށް ދާން ދިޔަ ޞާބިރާއަށް ލުހާ ބުނެލިއެވެ. އެހެންނަމަވެސް ޔަލާއަކީ ދުވަހަކު ވެސް ރޭގަނޑު ޖޯލީގައި އޮންނަ ޒުވާނެއްނޫންކަން ޞާބިރާއާއި ލުހާއަށް ވެސް އެނގެއެވެ.

ސިޓިންރޫމުން ބޭރަށް ޞާބިރާ ބޯދިއްކޮށްލި އިރު ޖޯލި ހުރީ ހުސްކޮށެވެ. އަވަހަށް ދޮރުމަތީ ހުރި އޭނާގެ ފައިވާނަށް އަރައިގެން ގޭގެ ބިއްދޮށް ފަރާތަށް ދާން ހިނގައިގަތް ވަގުތު އޭނާގެ ފަހަތުން ލުހާ ވެސް އަންނަން އުޅުނެވެ. ނަމަވެސް ކީއްވެކަމެއް ޞާބިރާއަކަށް ވެސް ނޭނގުނެވެ. ލުހާގެ އަތުގައި ހިފާލުމާއެކު ސިޓިންރޫމު ދޮރުމަތީ މަޑުކުރުމަށް ބުނެލިއެވެ. އޭރު ދެމައިން ވެސް ތިބީ ވަރަށް ހާސްވެފައެވެ.

ޞާބިރާއަށް ފެނުނީ އޭނާއަށް ފުރަގަސްދީގެން ރޯނާ ދިމާއަށް ހުއްޓިހުރި ޔަލާއެވެ. އޭނާގެ ފައިބުޑަށް ދޮވެފައި ހުރި އެއްޗެހިތައް ވެރިފައި ހުއްޓެވެ.

“ޔަލާ…” ހިސާބަކަށް ޖެހިލުންވެފައި ހުރެ ޞާބިރާ ގޮވާލިއެވެ. ނަމަވެސް އޭނާގެ އަޑު ޔަލާއާ ހަމައަށް ފޯރި ހެނެއް ހިޔެއްނުވެއެވެ. ގުޑިނުލާ ހުރި ގޮތަށް ޔަލާ ހުރީއެވެ. އެހެންވެ ޞާބިރާ އައިސް ޔަލާގެ ގައިގާ އަތްލަން އުޅުނު ވަގުތު މަގުމައްޗަށްވީ ފާރާ ދިމާލުން ބުޅާލެއް ކޯޅިގެންއަޑު ފަދަ އަޑެއްއިވި ސިހިފައި އެ ދިމާއަށް ޞާބިރާއަށް ބަލާލެވުނެވެ. އެހިނދު ލޮލުގެ ހިމަކޮޅުން ކަހަލަ ގޮތަކަށް ބޮޑު ހިޔަންޏެއް ހުރަސްކޮށްލިހެން ޞާބިރާއަށް ހީވިއެވެ. ފާރުމަތިން އެއްޗެއް ނުފެނުމުން ޞާބިރާ އަވަސްވީ ޔަލާގެ ގައިގާ ހިފާލުމަށެވެ. އެހެންނަމަވެސް އިތުރު ހައިރާންކަމެއް ލިބުނީ ދޮވެފައި ހުރި އެއްޗެހިތަކުގައި ބައްދައިގަނެގެން ބިންމައްޗަށް ވެއްޓިފައި އޮތް ޔަލާ ފެނުމުންނެވެ. ނޭނގޭ ބިރުވެރިކަމެއް ހިތަށް ވަދެގެން ދިއުމާއެކު ޞާބިރާއަށް ޔަލާގެ ގައިގާ ހިފަހައްޓާލެވުމާއެކު އޭނާއާ ދިމާއަށް އެ ދަރިފުޅު އަނބުރާލިއެވެ. ދެ ލޯ މަރާލައިގެން ޚަބަރު ހުސްވެފައި އޮތް ފަދައިން ޔަލާ އޮތެވެ. އަވަސްއަވަހަށް އޭނާގެ ދެ ކޯތާފަތުގައި މަޑުމަޑުން ޞާބިރާ ޖަހާލަމުން ދަރިފުޅަށް ގޮވާލިއެވެ. އަދި އަތުލަފިކޮށްލެވޭތޯ ބެލިއެވެ. ނަމަވެސް ޞާބިރާއަށް އެހާ ފަސޭހަކަމަކަށް ނުވިއެވެ. ގޭގައި އޭނާއާ ދެ އަންހެން ދަރީން ފިޔަވައި އިތުރު މީހަކު ވެސް އުޅެނީއެއްނޫނެވެ.

“ލުހާ… ދަރިފުޅާ…” ނިކަން ބާރަށް ޞާބިރާ ހަޅޭލަވައިގަތެވެ. އެ ގޭދޮށުން ދާ މީހަކަށް ވެސް އެ އަޑު އިވޭނެކަން ޔަޤީނެވެ. ހާސްވެފައި ހުރި ލުހާ ފައިވާނަށް އެރުމެއް ވެސް ނެތި ދުވެފައި އައިސް ޞާބިރާގެ ގާތުގައި މަޑުކޮށްލިއެވެ.

“ޔަލާއަށް ކިހިނެއްވީ؟” ޔަލާގެ ދެކޮނޑުގައި ހިފާ ގަޔާ ކައިރިކޮށްލައިގެން ޞާބިރާ އިންތަން ފެނި ލުހާ ސުވާލުކުރިއެވެ.

“ޔަލާ ނަގަން މަންމަ އެހީވެބަލަ” ޞާބިރާ ވަގުތުން ބުނެލިއެވެ.

ޞާބިރާއާއި ލުހާގެ އަތްދަނޑިމައްޗަށް ޔަލާ އުފުލާލުން އުނދަގޫކަމަކަށް ނުވިއެވެ. އެ މީހުން އަވަހަށް އައިސް ސިޓިންރޫމު ސޯފާގައި ޔަލާ ބޭއްވިއެވެ. އަދި ލުހާ ފެންތަށްޓެއް ހިފައިގެން އައުމުން ޔަލާގެ މޫނުގައި ޞާބިރާ ފެންފޮދެއް ހާކާލިއެވެ. މަޑުމަޑުން އަނެއްކާ ވެސް ޔަލާއަށް ގޮވަންފެށިއެވެ. ނަމަވެސް ޔަލާގެ ފަރާތުން ކުޑަ ވެސް އިޝާރާތެއް ނުފެނުމުން ޞާބިރާ ނިންމީ ރައްޔާއަށް ގުޅާށެވެ. އަދި ޔަލާ ހޮސްޕިޓަލަށް ގެންދާށެވެ.

ރައްޔާއަށް ޚަބަރު ލިބުމާއެކު އޭނާ ވަގުތުން ނަވާޒާއެކު ގެއަށް އައެވެ. އޭރު ސޯފާގައި ފެންކަޅިވެފައި ޞާބިރާ އިނެވެ. ޔަލާއަށް ވީގޮތެއް ބުނެދޭކަށް ޞާބިރާއަކަށް ނޭނގުނެވެ. ސިތާރާ އެގެއަށް އައީ ރައްޔާ ގުޅާފައި ބުނުމުންނެވެ.

“އަހަރުމެން ޔަލާ ގޮވައިގެން ހޮސްޕިޓަލަށް މިދަނީ، ލުހާ ތިގޭގައި އިހަށް ބަހައްޓާ” ރައްޔާ ބުނެލިއެވެ.

“އަހަރެން ވެސް ދާނަން މަންމަމެންނާއެކު” ޔަލާއާ މެދު ކަންބޮޑުވެފައި ހުރި ލުހާ ވެސް ޔަލާއާ ވަކިވާކަށް ބޭނުމެއްނޫނެވެ.

“އެންމެން ކިހިނެއްދާނީ؟ ނަވާގެ ކާރަކުގައި ޔަލާ ބާއްވާފައި އެހެންމީހަކަށް ނޭރޭނެއެއްނު…” ރައްޔާ ވިސްނައިދޭ ފަދައަކުން ލުހާގެ ގާތަށް ޖެހިލާފައި ބުނެލިއެވެ.

“އޭނާ ވެސް ގެންދަން އަހަންނަށް ފެންނަނީ… ދަޔާން އެބައުޅޭ ގޭގައި… އޭނާއާއެކު ސައިކަލުގައި ލުހާއަށް ދެވޭނެއެއްނު” ލުހާއާއި ޔަލާގެ ގާތްކަން ސިތާރާއަށް އެނގޭތީވެ މިވަގުތު ޢާއިލާގެ ހުރިހާ މެންބަރުން ވެސް އެކުގައި ތިބުމުން މުހިއްމުކަމުގައި ސިތާރާ ދުށްޓެވެ.

“ދަޔާންއާއެކު ލުހާ އާދޭ… ނަވާ، ޔަލާ ނަގައިގަނެގެން ހިނގާ ދާން… މަންމާ އާދޭ…” އަވަސް އަރުވާލާފައި ރައްޔާ އުޅުނެވެ.

އެންމެން ނުކުމެގެން ދިއުމާއެކު ގޭ ތަޅުލާފައި ސިތާރާއެކު ލުހާ އައިސް އެ މީހުންގެއަށް ވަނެވެ. ދަޔާންއަށް ގޮވާ ނެރެފައި ވެގެން އުޅޭ ގޮތް ސިތާރާ ބުނުމާއެކު އޭނާ އަވަސް އަވަހަށް ސައިކަލު ތަޅުދަނޑި ހިފައިގެން ނުކުތެވެ. އަދި ލުހާ ގޮވައިގެން ހޮސްޕިޓަލަށް ދިއުމަށް އަވަސްވިއެވެ.

“ޔަލާއަށް ކިހިނެއްތަވީ؟” ދަޔާން ދިއުމާއެކު ވާހަކައަޑުއަހަން ހުރި ރާމިޒާ އަހާލިއެވެ.

“ނޭނގެ ވީގޮތެއް، އަނބުރައިގަނެގެން އުޅެނީ… ހޭނާރައިގެން އެ ދިޔައީ ހޮސްޕިޓަލަށް” ސިތާރާ ވެސް ހުރީ ހާސްކަމެއްގެ ތެރޭގައެވެ.

ތާރުއަޅާފައިވާ ބޮޑުމަގުން ހޮސްޕިޓަލާ ދިމާއަށް ދުއްވަމުން ދިޔަ ކާރުގެ ފަހަތުން ދަޔާންއާއެކު ސައިކަލުގައި ލުހާ އައެވެ. އެންމެންގެ މޫނުމަތިން ނުތަނަވަސްކަން ފައުޅުވަމުން ދިޔައެވެ. ކާރުގެ ފަހަތުގައި ސީޓުގައި ޞާބިރާ އިންއިރު އޭނާގެ އުނގުގައި ޔަލާގެ ބޯ ބާއްވާލައިގެން ފިރުމާލަ ފިރުމާލާ އިނެވެ. ދޭތެރެއަކުން ޔަލާއަށް ގޮވާލައެވެ. އެ މީހުންނަށް ހޮސްޕިޓަލަށް ހަމައަށް ނުދެވެނީސް އެންމެން ސިހުނީ ޔަލާ “މަންމާ” އޭ ގޮވާލި އަޑަށެވެ. ނަވާޒަށް ވެސް ކާރުގެ ބުރެކި ޖައްސާލެވުނެވެ. އެއާއެކު އެ މީހުންގެ ފަހަތުން އައި ދަޔާން ވެސް ސައިކަލު މަޑުކޮށްލިއެވެ.

“ކޮންތާކަށް މި ދަނީ” ޞާބިރާގެ އުނގުން ތެދުވެ އޭނާއާ ޖެހިގެން އިށީން ޔަލާ އަހާލިއެވެ.

“ދަރިފުޅު ޚަބަރު ހުސްވެފައި އޮންނަތާ ނޭނގެ ވީއިރެއް ވެސް… އެހެންވެ ހޭނައިރައިގެން ހޮސްޕިޓަލަށް މި ދަނީ…” ޞާބިރާ ބުންޏެވެ.

“ކިހިނެއްވީ ޔަލާ ފެއިންޓުވީ” ކުރީ ސީޓުގައި ނަވާޒުއާއި ޖެހިގެން އިން ރައްޔާ ސުވާލުކުރިއެވެ.

“ނޭނގެ… ވަރަށް ބޮޑަށް ބޮލުގައި ރިއްސާލީ… ދެން ވީގޮތެއް ނޭނގެ…” ނިތްކުރީގައި ޔަލާ އަތްޖައްސާލިއެވެ.

“ޑޮކްޓަރަށް ދައްކާލާފައި ގެއަށް ދާނީ… ދުވަހަކު ވެސް މިކަހަލަ ކަމެއް އަދި ނުވެއެއްނު” ޞާބިރާ ބުންޏެވެ.

ޔަލާ އޭނާއަށް ވީގޮތަކާއި މެދު ފިކުރުކުރަން އިނެވެ. އޭނާގެ އަތުގައި ހިފަހައްޓާލައިގެން އިން ޞާބިރާ އަދިވެސް އިނީ ކަންބޮޑުވުމެއްގެ ތެރޭގައެވެ. ކާރު ދުއްވާލުމާއެކު އައިސް ހޮސްޕިޓަލުގެ ގޭޓު ކުރިމައްޗަށް މަޑުކޮށްލިއެވެ. އެންމެ ފުރަތަމަ ވެސް ރައްޔާ ކާރުން ފައިބައިގެން އައިސް ޞާބިރާ އިން ފަރާތު ދޮރުފަތް ހުޅުވާލިއެވެ. އެމީހުން ނުކުން އިރު އަނެއްފަރާތުގެ ދޮރު ހުޅުވާލާފައި ޔަލާ ނުކުންނަނީއެވެ. އޭނާއަށް ކަމެއް ވެފައި ހުރި ކަމުގެ އަސަރެއް މިހާރަކު ނެތެވެ. މަޑުމަޑުން އައިސް ޞާބިރާގެ ގާތުގައި މަޑުކޮށްލިއެވެ.

“އަހަންނަށް އެއްވެސް ކަމެއް ނުވޭ… އެކަމަކު މަންމަ ހިތްހަމަޖައްސާލަން ޑަކްޓަރަށް މި ދައްކަނީ” ޞާބިރާއަށް ބަލާލާފައި ޔަލާ ބުންޏެވެ.

ޑޮކްޓަރުގެ ކޮޓަރިއަށް ޔަލާ ގޮވައިގެން ވަނީ ރައްޔާއެވެ. އެ ދެބެން ނުކުން އިރު ބެންޗުގައި ޢާއިލާގެ ދެން ތިބި މެންބަރުން ތިއްބެވެ. އެ މީހުން ތެދުވުމާއެކު އަވަސްވެގަތީ ޑޮކްޓަރު ބުނިއެއްޗެއް އޮޅުން ފިލުވާށެވެ.

“ކުޑަކޮށް ބީޕީ ލޯވެފައި ހުރީ… އެއްވެސް މައްސަލައެއްނެތްކަމަށް ބުނީ” ރައްޔާ ބުންޏެވެ. އެއާއެކު ކޮންމެ މީހަކުހެން ފުންނޭވާއެއް ދޫކޮށްލިއެވެ. ލިބިފައިވާ ނުތަނަވަސްކަން ފިލައިގެން ދިޔައީތީއެވެ.

ގެއަށް އާދެވުނު އިރު ނުވައެއް ޖަހަނީއެވެ. ޢާއިލާއެކުގައި ބަދިގޭގައި ހުރި ކާމޭޒުދޮށުގައި ތިއްބެވެ. އެންމެން ރޭގަނޑުގެ ކެއުމަށް އިންސާފު ކުރަމުން ދިޔައިރު ޔަލާއާ އެކި ސުވާލުކުރަމުން ދިޔައެވެ. އޭނާއަށް އެ މީހުންގެ އެއްވެސް ސުވާލަކަށް ޖަވާބުދޭކަށް ނޭނގުނެވެ. އެހެންނަމަވެސް އޭނާގެ ހަނދާނުގައި ކޮންމެވެސް ވަރެއް އެބަހުއްޓެވެ. ދޮވެފައި ހުރި އެއްޗެހި ނަގަމުން ދަނިކޮށް ބިއްދޮށް ރޯނުގައި އަޅުވާފައި އޮތް ބެޑުޝީޓު ނުނެގިގެން އުޅުނު ހަނދާނެވެ. ނަމަވެސް އޭނާ އެ ވާހަކަ ނުބުނީ އެއީ މާބޮޑު ކަމަކަށް ހަދަން ބޭނުންނުވާތީއެވެ. ހަމަޖެހިފައި އިން ގޮތް ޞާބިރާ ދެއްކި ނަމަވެސް އޭނާއީނީ ޤަބޫލުކުރާންވީ ކަމެއް ނޭނގިފައެވެ. އޭނާއަށް ފުރަތަމަ ޔަލާ ފެނުންއިރު ހުރީ ފުރަފަސްދީގެ ކޮޅަށް ކަމެވެ. ދޮވެފައި ހުރި އެއްޗެހިތައް އޮތީ ޔަލާގެ ފައިބުޑުގައެވެ. ފަޅި ސިކުންތަކަށް ޔަލާއާ ނަޒަރު ވަކިވެފައި ދެން ފެނުނީ ދެއަތުގެ ތެރޭ އެއްޗެހިތައް ބޮނޑިކޮށްލައިގެން ވެއްޓިފައި އޮތް ޔަލާއެވެ. އެހެން އެކަންވީ ކިހިނެއްކަމެއް ހަމަ އެއްގޮތަކަށް ވެސް ޞާބިރާއަކަށް ނުވިސްނެއެވެ. އޭނާއަށް ނޭނގުނު ކަމެއްގެ ވާހަކަ އިތުރު މީހަކު ކައިރީގައި ބުނެގެން ވާނެކަމެއް ނޯންނާނެއޭ ހިތާ ޞާބިރާ ވެސް ފެނުނު ކަންކަން ސިއްރުކުރީއެވެ.

* * * *

ދެކޮޅަށް ހިނގާލަހިނގާލާ ހުރި އަބްދުއްރަޢޫފަށް ހަމަޖެހުމުގެ ނޭވާއެއް ނުލެވެއެވެ. ދޭތެރެއަކުން ދޮރުމަތީ ހުރެފައި ފެންސުގެ ގޭޓާ ދިމާއަށް ބަލާލައެވެ. ނަގޫރޯޅިއެއް ފަދައިން ދޭތެރެއަކުން އެނބުރިގަންނަ ރޯޅިތަކުން ފެންސުގެ ވަށައިގެން އެޅިފައި އޮތް ފަތްތައް ފަރާތް ފަރާތަށް ބުރުވާލައެވެ. ވަގުތު ކުޑަތަންވަމުން އައިއިރު އަބްދުއްރަޢޫފަށް ކަންކުރާންވީ ކިހިނެއްކަން ނޭނގިގެން އުޅެނީ އަނެއްކޮޅުން ކުރިމަތިވާނެ ނުރައްކަލެއް ނޭނގޭތީއެވެ. ސޯފާގައި އަރީޝާއާއި ދެ ފިރިހެން ދަރީން ތިއްބެވެ. ޒަލަފްއަށް ވެސް އިހުސާސްވަމުން ދިޔައީ އަބްދުއްރަޢޫފަށް ވެސް ލިބެމުންދިޔަ ދިޔަ ފަދަ ނުތަނަވަސްކަމެކެވެ.

“އެމީހުން އެބައާދޭ…” ކުއްލިއަކަށް ސޯފާއިން ތެދުވި ގޮތަކަށް ޒަލަފް ބުނެލިއެވެ. އަދި ހަރުކޮށް ހިނގާލާފައި އައިސް ދޮރުމަތީ ހުރި އަބްދުއްރާޢޫފުގެ ގާތުގައި މަޑުކޮށްލިއެވެ.

“ވުޟޫކޮށްގެން ތި ހުރީ” އަބްދުއްރަޢޫފު އަހާލިއެވެ. އެއާއެކު ޒަލަފް ބޯޖަހާލިއެވެ.

“އަތުވެއްޖެ… އެބަތިބި ފެންސުގެ ބޭރުގައި… ތަންކޮޅެއް ދުރުގައި ތިބީ… ” އިރުކޮޅަކު ހުރުމަށްފަހު ޒަލަފް ބުންޏެވެ. އެހެންނަމަވެސް އަބްދުއްރަޢޫފަށް އެބަޔަކު ނުފެނެއެވެ.

“ކިހާ މީހުނެއް؟”

“ނޭނގެ ބުނާކަށް… ހީވަނީ އެކަތިގަނޑެއްހެން… ކުރީގައި އެތިބީ އަހަރެންގެ ޢާއިލާގެ ބައެއް މެންބަރުން… ކޮންމެވެސް ކަމަކާ ރުޅިއައިސްފައި ތިބިހެން ހީވަނީ… ރަޚަބް ކުރިއަށް ނުކުމެއްޖެ…. އޭނާ ބޭނުންވަނީ އަހަންނާ ވާހަކަދައްކަން… މިހާރު އެބަ އަހަންނަށް ގޮވާ…” ކަޅިޖަހާނުލައި ދުރަށް ބަލަހައްޓައިގެން ހުރި ޒަލަފް ބުންޏެވެ.

“އެ މީހުންނާ ވާހަކަދައްކާ… އެ ހިސާބުގައި އެ މީހުން ތިބޭއިރު ޒަލަފްއަށް އަޑުއިވެންޏާ، ޒަލަފްގެ އަޑު ވެސް އެމީހުންނަށް ފޯރާނެ…” އަބްދުއްރަޢޫފު ބުނިއެއްޗެއް ޒަލަފްއަށް އެނގުނެވެ. އޭނާއާށް ވެސް ރަޚަބްމެން ވާހަކަދައްކާ ގޮތަށް ވާހަކަދައްކަން އެނގެއެވެ. އެކަން ދަސްކޮށްދިނީ ވެސް ޚުދު ރަޚަބްއެވެ.

“އަހަންނެއްނުދާނަން….” ޒަލަފް ބުނެލިއެވެ.

“ނުބުނަންތަ ނުގޮސް ނުހުރެވޭނެއޭ… ނުބުނަންތަ ރުހުމުގައި ނައިސްފައިއްޔާ ދެންޖެހޭނީ ގަދަކަމުން ވެސް ގެންދާށޭ” ރަޚަބް އިންޒާރު ދިނެވެ.

“ނުގެންދެވޭނެ… ތީ އަހަރެންގެ ބައްޕައެއްނޫންތަ؟ ކީއްވެތަ އަހަރެން ރުހޭ ގޮތަށް ކަންތައް ނުކުރާން ތި އުޅެނީ… އަހަރެން ނުވޭ ކަލޭމެންގެ ތެރޭގައި އުޅޭހިތެއް… ފަހު ފަހަރަށް މިބުނަނީ… އަހަރެން ނުދާނަން… ދުވަހަކުވެސް ނުދާނަން…”

“ޒަލަފްގެ ތި ގޮތްދޫނުކުރުމުގެ ނަތީޖާ އެނގޭތަ؟” ރަޚަބް ބުނެލިއެވެ. އެއާއެކު އިތުރަށް ޒަލަފް ވާހަކައެއް ނުދެއްކިއެވެ.

“ރަޚަބް… އޭނާ ގެނޭ…” ޒަރަސްގެ އަޑު އިވުނެވެ.

އެންމެން ބަލަބަލާ ތިއްބާ ފެންސުގައިވާ ގޭޓުވެއްޓިއްޖެއެވެ. އެއާއެކު ސުބުޙާނަﷲ އޭ އަބްދުއްރަޢޫފަށް ބުނެލެވުނެވެ. ހުރިހާ ކަމަކަށް އޭނާ ތައްޔާރުވީއިރު ފެންސަށް ކޮށްފައި ހުރި ކަންތައްވަނީ ބާތިލުވެފައިކަން އޭނާގެ ހަނދާނަށް އެއްފަހަރު ވެސް ނައީ ކީއްވެބާއޭ ހިތަށް އެރީ އެ ވަގުތުއެވެ. ސޯފާގައި އިން އަރީޝާ ނިކަން ބާރަށް ހަޅޭލަވައިގަތް އަޑަށް އަބްދުއްރަޢޫފަށް ބަލާލެވުނީ އޭނާއަށެވެ. ހަމައެހިނދު ދެކަކޫ މައްޗަށް ޒަލަފް ވެއްޓިއްޖެއެވެ. އަނެއްކޮޅުން ތެދުވި އަރީޝާ ވެސް ވެއްޓިއްޖެއެވެ. އެއްފަހަރާ ދެ މީހުންގެ ގާތަށް ދާނޭ ގޮތެއް އަބްދުއްރަޢޫފަކަށް ނޭނގުނެވެ. ބިރުގެންފައި ޒާލިފު ހުރީ ހަދާނޭގޮތެއް ނޭނގިފައެވެ. ވެއްޓިޖެހުނު މަންމަގެ ގައިގާ އޭނާއަށް ހިފާލެވުނެއްކަމަކު އަރީޝާ އޭނާގެ ދެއަތް ފޮޅުވާލައިފިއެވެ. އޭނާގެ ހަޅޭކުގެ ޒަލަފްގެ ކަންފަތުގައި ޖެހުނެއްކަމަކު މަންމައާ ދިމާއަށް އެނބުރި ނުލެވުނެވެ. ހީވަނީ މޭކަށިގަނޑު މީހަކު ހިފާ އޭނާ ގެންދަން އުޅެނީ ހެންނެވެ. އެކަމަކު އެހެންވާނީ ސަބަބެއް ޒަލަފްއަކަށް ނުވިސްނުނެވެ.

“ބައްޕާ… އަހަރެން މިއޮއް ގެންދަނީ….” ބާރުއަޑުފަށްގަނޑަކާއެކު ޒަލަފް ގޮވާލިއެވެ. އަރީޝާގެ ގާތަށް ދުއްވައިގަނެވުނު އަބްދުއްރަޢޫފު ތެދުވެގެން ޒަލަފްގެ ގާތަށް އަންނަން އުޅުނެވެ. އެހިނދު ހީވީ އުދަރެހުން ފާޅުވެގެން ދިޔަ ގަދަ އައްޔާއެކު ފެންސަށް ހޮނި އެޅި ހެންނެވެ. ދޮރުން ބޭރަށް ކޫތާފައި ނެރުނު ޒަލަފްއަށް ހުއްޓުމެއް އައިސް އަރީޝާގެ ހަޅޭކަށް ވެސް ހުއްޓުމެއް އައީ އެވަގުތުއެވެ. ޑެކުމައްޗަށް ވެއްޓިފައި އޮތް ޒަލަފްއަށް ގޯތި ތެރޭގައި ހުރި އިމްރާނު ފެނުނެވެ. އޭނާއަށް ބަލާލި ނަމަވެސް އޭނާގެ މޫނުމަތިން ޒަލަފްއަށް ހަމްދަރުދީއެއް ފާޅެއް ނުވެއެވެ. އޭނާ ޒަލަފްއާ ނުރުހޭކަން އެނގެއެވެ.

ނުފެންނަ ހަތިޔާރުތަކަކުން ރަޚަބްމެންގެ ތެރެއިން ބަޔަކު އިމްރާނާ ދިމާކުރިއެވެ. އަބްދުއްރަޢޫފަށް އިމްރާނުގެ އަޑު އިވުނެވެ. ނުކުތުމަށް އޭނާ އެންގިއެވެ. އެއާއެކު ޒާލިފު ކައިރީ އަރީޝާ ހިފެހެއްޓުމަށް ބުނެފައި އަބްދުއްރަޢޫފު ނުކުމެ އިމްރާނު ފެންނަ ހިސާބުގައި މަޑުކުރިއެވެ. އިމްރާނު ބުނި އެއްޗެއް އަބްދުއްރަޢޫފު ކިޔަވަން ފެށިއެވެ. އޭނާއަށް ސާބިތުކަން ލިބި ރަޚަބްމެންނާ ކުރިމަތިލިއެވެ. ރަޚަބްމެންގެ ފަރާތުން އައިސް ތިބި ޖިންނިތައް ރޮއެ ހޭރެން ފެށިއެވެ. ބައެއް އެއްޗެހި ދުވެ ރައްކާވާން އުޅެގެންފިއެވެ. އެހިނދު ބޮޑުބިޔަ ބަޔަކު ނުކުމެއްޖެއެވެ. އެމީހުންގެ ތެރޭގައި ހުރި ޒަރަސް އެންމެނަށްވުރެ ހުށިޔާރެވެ. މުސްކުޅިވެފައި ހުއްޓެއްކަމަކު އޭނާހާ ކުޅަދާނަ ޖިންނިއަކު އެތަނުގައި ނެތެވެ. އަބްދުއްރަޢޫފާއި އިމްރާނާ އެ ބޮޑެތި މީހުން ދިމާކުރުމާއެކު އަރީޝާ އަނެއްކާ ވެސް ރޯންފަށައިފިއެވެ. ކަންބޮޑުވި އަބްދުއްރަޢޫފަށް އަރީޝާގެ ރުއިމުގެ އަޑުން ނުތަނަވަސްކަން ވެރިވެގެން ދިޔައެވެ. ނަމަވެސް ސާބިތުކަމާއެކު ހުރެވޭތޯ އޭނާ މަސައްކަތްކުރިއެވެ. ހަމައެހިނދު އޭނާގެ ހަނދާނަށް އަންނަމުންދިޔައީ އޭނާގެ ބައްޕައެވެ. އޭރު އެ މީހުންނާ ދެކޮޅަށް ހަނގުރާމަކުރުމަށްޓަކައި އަބްދުއްރަޢޫފުމެންގެ ފަރާތުން ބަޔަކު ތިބިކަމެވެ.

“ބައްޕާ…” އެސްފިޔަޖަހާލާހާ މަދު ސިކުންތިކޮޅެއްގެ ތެރޭ ރަޚަބްމެންގެ ތެރެއަށް ޒަލަފް ގެންގޮސްފިއެވެ. އަބްދުއްރަޢޫފަށް ލިބުނީ ހައިރާންކަމެވެ. އެތަނުގައި ހުރި އިމްރާނު އެކަމާ ކަންބޮޑުވި ހެނެއް ހިޔެއްނުވެއެވެ. ފެންސުގެ ބޭރުގައި ހުރެފައި ޒަރަސް އޭނާގެ މީހުންނަށް އެންގީ އެނބުރި ދިއުމަށެވެ. ދަމުން ޒަރަސްގެ އަތުގައި އޮތް ޒަލަފްގެ ލަފުގައި ހިފާ އޭނާ އުފުލާލައި އަބްދުއްރަޢޫފަށް ދައްކާލީ ޅަބުޅާގަނޑެއް ހެންނެވެ. ޚަބަރު ހުސްފައި އޮތް ޒަލަފްގެ ހަށިގަނޑުގައި އެއްވެސް ވަރެއްނެތެވެ.

“އަހަރުމެން މިގެންދަނީ އަހަރުމެންގެ އެއްޗެއް… މީގެ ފަހުން ދެން ކުރިމަތިލާން ނުޖެހޭނެކަމަށް ހީކުރަން… އަހަރުމެން ވެސް ދެންނާނަން ކަލޭމެންނަށް އުނދަގޫކުރާކަށް” ރަޚަބް އަޑު ހަރުކޮށް ބުނެލިއެވެ.

“ނޫން…” އަބްދުއްރަޢޫފަށް މިހެން ބުނެލެވުމާއެކު ކުރިއަށް ފިޔަވަޅެއް އަޅާލެވުނެވެ. އެހިނދު ދުރުގައި ހުރި އިމްރާނު ކުއްލިއަކަށް އަބްދުއްރަޢޫފުގެ ގާތުން ފައުޅުވުމާއެކު އޭނާގެ ކޮނޑުގައި ހިފެހެއްޓިއެވެ. އޭރު ވެސް އޭނާގެ ނަޒަރު ރަޚަބްމެންނާ ވަކި ނުވެއެވެ. ރަޚަބްމެންނާއެކު އައިސް ތިބި ކޮންމެ ޖިންނިއެއް ވަކިވަކިން އޭނާއަށް އެއްފަހަރާ ފެންނަ ކަހަލައެވެ. ބަލަބަލާ ހުއްޓާ އަބްދުއްރަޢޫފުގެ ލޯމައްޗަށް ޒަރަސްއާއެކު ޒަލަފް ގެއްލިއްޖެއެވެ.

އަބްދުއްރަޢޫފަށް އެއްޗެއް ނުބުނެވިގެން އުޅެނިކޮށް އޭނާގެ ގާތުގައި ހުރި އިމްރާނު ވާހަކަދައްކަންފެށިއެވެ. ކަންތައް ވީގޮތުން އަބްދުއްރަޢޫފު ހިތްހަމަނުޖެހުނެއްކަމަކު އޭނާއަށް ވެސް މިފަހަރު މިވަނީ ގޯހެއް ހެދިފައެވެ.

“އެމީހުންގެ އުނދަގުލެއް ދެނެއް ނުފޯރާނެ…” އިމްރާނު ބުންޏެވެ.

“އެ ހިސާބުން ހުރިހާ ކަމެއް ހައްލުވީއެއްނޫނެއްނު… ޒަލަފް އެ ގެންދިޔައީ އޭނާގެ ނުރުހުމުގައި… އަހަރުމެން ފަދަ އިންސާނަކަށް އޭނާ ނުވިޔަސް އަހަރެން އޭނާ ބަލާ އެވަރު ކުރީ ދަރިއަކު ފަދައިން، މިއަދު އޭނާއަށް ކުރިމަތި އެވީ ކިހާ ބޮޑު ނިކަމެތިކަމެއް… މިކަމުގައި އޭނާއަށް އެހީތެރިވާން ހުރީ ވެސް ހަމައެކަނި އަހަރެން، އެކަމަކު އަހަރެން އެކަނި ކުރެވޭވަރަށް ވުރެ ބޮޑުކަމެއް މީ… އެހެންވެ އިމްރާނުގެ އެހީއަށް އެދުނީ… އަމިއްލަ ރައްކާތެރިކަން ހޯދާނީ އަނެއްމީހާ ނުރައްކާގެ ތެރެއަށް ވައްޓާލަފައެއްނޫނެއްނު… އަހަންނަށް އެނގޭ އިމްރާނު އެއްގޮތަކަށް ވެސް ޒަލަފްއާ ގަޔާނުވާކަން…”

“ތި ހީކުރެވެނީ މުޅިއަކުން ރަނގަޅަކަށް ނޫން، ޒަލަފްދެކެ އަހަރެން ރުޅިއެއްނާދޭ… އެކަމަކު އޭނާގެ އުޅުން ހުރި ގޮތުން އަހަރެން އޭނާއާ ނުރުހެނީ… މިވަގުތު މިގޮތަށް ކަންތައްކުރާން ޖެހުނީ އަރީޝާއާއެކު އޭނާގެ ދެން ހުރި ދަރިފުޅުގެ ސަލާމަތަށްޓަކައި… އެ މީހުން ކަންތައްކުރާގޮތަކުންނޭ އަބްދުއްރަޢޫފު ބުނީ އަހަރެންގެ އެހީތެރިކަމެއް ބޭނުންވާނީ، އެހެންވެ ދުރުގައި ހުރީ… އެކަމަކު އެމީހުން އުޅުނީ ޒަލަފް އެމީހުންނާ ހަވާލުނުކުރާހާ ހިނދަކު އަރީޝާއާއި އޭނާގެ ދެން ހުރި ދަރިފުޅުގެ ދުވަސް ދުއްވާލަން ނިންމައިގެން… އަބްދުއްރަޢޫފުގެ ޢާއިލާ ހަލާކުވެގެން ދާއިރު އަބްދުއްރަޢޫފަށް ވެސް ބަލާކަށް ނުހުރެވޭނެކަން އެނގޭ… ޒަލަފް ދޫކޮށްލަން އެހިސާބުން މަޖުބޫރުވާނެ، އެހެންވިޔަސް އެބައިމީހުންނަކީ ދޮގުވެރި މަކަރުވެރިންތަކެއް… ޒަލަފް ގޮވައިގެން ދަމުން އެ މީހުން ތި ޢާއިލާގެ ވަސް ފުހެލާފައި ދިއުމަކީ ވެސް އެ މީހުން ކޮށްފާނެކަމެއް… އަބްދުއްރަޢުފާއި ޢާއިލާ ސަލާމަތުން ތިބިއްޔާ އަހަރުމެންނަށް ޒަލަފްއަށް އެހީތެރިވެވިދާނެ… މީ އޭނާއަށް ވެސް އިމްތިހާނުގެ ވަގުތެއް… ޖެހޭނީ ކެތްތެރިވާން… އަހަރުމެންނަށް އިތުބާރުކުރާން… ﷲ އިރާދަކުރެއްވިއްޔާ އެމީހުންގެ ނުބައިކަމުން ސަލާމަތްވާނެ… އަދި ވަގުތު އެބައޮތް… އަހަރެން ދެން ދަނީ… ޒަލަފްގެ ޚަބަރެއް ހިފައިގެން އަންނާނަން…” އިމްރާނުގެ ވާހަކަ ނިމުމާއެކު އޭނާ ހުރިތަނުން ޣައިބުވެއްޖެއެވެ. ހާސްވެ ކަންބޮޑުވެފައި ހުރި އަބްދުއްރަޢޫފަށް އެހިނދު ހަށިފުރާ ނޭވާއެއް ލިއެވެ. އަދި ކުރިމަތިން ވެއްޓިފައި އޮތް ދަގަނޑު ގޭޓަށް އޭނާ ބަލާލިއެވެ. ވަށައިގެންވާ ފެންސު ވެސް ކުއްލިއަކަށް ބައުވެ ގިނަދުވަސްވެ ވެއްޓެން ކައިރިވެފައިވާ އެއްޗެއްގެ ގޮތުގައި އަބްދުއްރަޢޫފަށް ފެނުނެވެ. މުޅި މާޙައުލަށް އަޖައިބެއް ފަދަ ބަދަލުތަކެއް އައިސްފައިވެއެވެ. އާދަޔާ ޚިލާފު ފަޅުކަމެއް މުޅި ހިސާބުގަނޑަށް ވެރިވެފައިވާއިރު ގަހެއްގެ ފަތެއް ހެލިލާ އަޑު ވެސް ނީވެއެވެ.

“ބައްޕާ” ގޭތެރެއިން ޒާލިފުގެ އަޑު އިވުމާއެކު އަބްދުއްރަޢޫފުގެ ނަފްސު ހަމައަކަށް އަޅުވަމުން ހަލުވިކޮށް އައިސް އެތެރެއަށް ވަނެވެ. އޭރު ސޯފާގައި އަރީޝާ ބާއްވާލާފައި އޮތެވެ. އޭނާއާ ދުރަށްދާން ނުކެރިފައި ބޯކޮޅާ ދިމާ ތަޅުންމަތީ ޒާލިފު އިށީނދެ އިނެވެ. އޭނާގެ މޫނުމަތިން ވެސް ފެންނަމުން ދިޔައީ ހާސްކަމުގެ އަސަރުތަކެވެ. އަބްދުއްރަޢޫފު ފެނުމާއެކު އޭނާ ވާހަކަދައްކަން ފެށިއެވެ.

“މަންމައަށް ފާޑެއްގެ ބާރުތަކެއް އަރާފައި ކުއްލިއަކަށް ހުއްޓުނީ… ދެން ޚަބަރު ހުސްވެގެން ވެއްޓުނު ގޮތަށް އެ އޮތީ… ނޭވާލާ… ހީވަނީ އަނބުރައިގަތީހެން…” އަރީޝާއަށް ވެފައި އޮތް ގޮތެއް އޮޅުން ފިލުވައިދެމުން ޒާލިފު ބުންޏެވެ.

“ދަރިފުޅު ދުރަށްޖެހިލާ… ދޭބަލަ ފެންތަށްޓެއް ހިފައިގެން އަންނަން” އަބްދުއްރަޢޫފު މިހެން ބުނުމާއެކު ޒާލިފު ތެދުވެގެން ދިޔައީ ބަދިގެ ފަރާތަށެވެ. އަބްދުއްރަޢޫފު އައިސް އަރީޝާގެ ބޮލާ ދިމާގައި މަޑުކޮށްލާ ކުޑަކަކޫ ޖަހާލުމާއެކު އޭނާ ނޭވާލާތޯ ޝަހާދަތްއިނގިލި ނޭފަތާ ކައިރިކޮށްލިއެވެ. އެހެން އިންދާ ފެންތަށި ހިފައިގެން ޒާލިފު އަތުވެއްޖެއެވެ. އަބްދުއްރަޢޫފު ފެންތަށްޓަށް ޝަހާދަތް އިނގިލީގެ ކޮޅު ޖެހޭނޭހެން އިނގިލި ލައިގެން އިނދެ ކޮންމެވެސް އެއްޗެއް ކިޔަވާލިއެވެ. އެއަށްފަހު ޝަހާދަތްއިނގިލީގެ ފުރަތަމަ ބަދަ ތެމޭނޭ ވަރަށް ފެންތަށްޓަށް އިނގިލި ކޮށްޕާލާފައި ނަގާ އެ އިނގިލީގައި ހަރުލާފައި ހުރި ފެންތައް އަރީޝާގެ މޫނަށް ބުރުއްސާލިއެވެ. މިހެން ތިން ފަހަރަކު ހެދުމަށްފަހު ޝަހާދަތް އިނގިލި އަރީޝާގެ ނިތްކުރީގެ މެދުގައި ޖައްސާލާފައި އަލުން ކިޔަވަން ފެށިއެވެ. ކިޔަވައި ނިމުމުން ނިތްކުރިއާއި އަރީޝާގެ ހަށިގަނޑާ ދިމާއަށް ފުމެލާފައި އަބްދުއްރަޢޫފު ތެދުވިއެވެ.

“އިރުކޮޅަކުން ދެން މަންމަ ހޭ އަރާފާނެ” އަބްދުއްރަޢޫފު ކުރާ ކަންތައް ބަލަން ވަކިން ހުރި ގޮނޑީގައި އިން ޒާލިފަށް ބަލާލަފައި އަބްދުއްރަޢޫފު ބުންނެވެ.

* * * *

ހޭލެވުނުއިރު މޫނުމަތީގައި މުތީތަކެއްހެން ދާތިކިތައް ވިދަމުންދިޔައެވެ. މާނޭވާލަމުން ދިޔަ ޔަލާ އަވަސް އަވަހަށް މޫނު ފުހެލިއެވެ. ކޮޓަރީގައި ހުރި އޭސީގެ ފިނިކަން އިހުސާސް ނުވާ ކަހަލައެވެ. ކަނދުރާއިން ފެށިގެން ބުރަކަށި ވެސް އޮތީ ދަލުން ފޯވެފައެވެ. މީހަކު އޭނާގެ ގަޔަށް ފެންއެއްޗެއް އަޅާލާފައި ވާ ކަހަލައެވެ. އެނދުގެ އަރިމަތީގައި އިށީނދެލައިގެން އިރުކޮޅަކު އިނދެފައި އޭސީއަށް ޔަލާ ބަލާލިއެވެ. ފިނިމިން ހުރީ ބާވީހުގައެވެ. އެވަރު ފިނިކަން މަޑެވެ. އޭސީ ރިމޯޓު ހޯދާލައިފައި ސޯޅައަށް ލިއެވެ. ނަމަވެސް ހޫނުކަން ކުޑައެއް ނުވިއެވެ. އިސްތަށިގަނޑު ތެރެއިން ވެސް ދާހިތްލަނީއެވެ. އެންމެފަހުން އެނދުން ތެދުވެގެން އައިސް ލުހާގެ އަލަމާރި ހުޅުވާލިއެވެ. އެންމެ މަތީ ހަރުފަތުގެ ކަނާތްފަރާތުގައި ބަހައްޓާފައި ހުރި ތުވާލިތަކުން ތުވާއްޔެއް ނަގައިގެން ފާޚާނާއަށް ޔަލާ ވަނެވެ.

ފެންމާގަނޑުން އޮހިގަތް ފިނިފިނި ފެންތިކިތަކުން ހަށިގަނޑަށް ލިބުނު އަރާމެއްގެ ބޮޑުކަމުން ޔަލާއަށް ލޯ މަރާލެވުނެވެ. ހީވީ މީހާ މުޅިން އެހެން ދުނިޔެއަށް ދަތުރު ކުރިހެނެވެ. ވެފައި ހުރި އުނދަގޫ ފިލައިގެން ދިއުމެކޭ ކަހަމުން އައި ތަނެއްގެ ކެހުން މަޑުވުމެކޭ ތަފާތެއް ނެތެވެ. ހަމަޖެހުމުގެ ނޭވާއެއް ލެވުމާއެކު ފެންމާގަނޑު ދޮށުގައި ހުންނަން ބޭންނުވިއެވެ. ޔަލާއަށް އެގޮތަށް ހުރެވުނީ ކިހާ އިރަކު ކަމެއް ނޭނގުނެވެ. އޭނާ ސިހުނީ ކުއްލިއަކަށް ދަށްބަނޑަށް ބާރުވިހެން ހީވެގެންނެވެ. ބަނޑުގައި އަތްހާކާލެވުނު ވަގުތު ހީވީ ތުނޑު ތޫނު އެއްޗެއް ކުރިމަތި ފަރާތަށް ހަރާލިހެންނެވެ. ހެޔަށް ވެސް ގޮތްވާވަރުވިއެވެ. ވީތަދުން ޔަލާއަށް ހަޅޭލަވައިގަނެވުނެވެ. ހަމައެހިނދު ދެފައިކޮޅުން ވާގި ދޫވި ފަދައިން ހުރިދިމާ ތިރިއަށް ދެކަކޫ މައްޗަށް ޔަލާ ވެއްޓިއްޖެއެވެ. ބަނޑުގައި ދެއަތް ވަށާލާ ނިކަން ބޮޑަށް ޔަލާއަށް ގުދުވެލެވުނެވެ. ގިނައިރަކު އެ ތަދެއް ނުހުއްޓެވެ. ކުއްލިއަކަށް ވީކަމެއް ހެން އެރި ތަދު ފިލައިގެން ދިޔައީ އެއީ ނުވާކަމެއް ފަދައިންނެވެ. މަޑުމަޑުން ފެންމާގަނޑުގެ އަތްގަނޑުގައި ހިފަހައްޓާލާފައި ޔަލާ ތެދުވިއެވެ. ހައިރާންވެފައި ހުރެއެވެ. އެވީ ކިހިނެއްބާއޭ ހިތަށް އަރާފައި ހުރެއެވެ. ކަމަކާ މެދު ވިސްނުން ހިންގާލެވޭވަރެއްނުވިއެވެ. ދަށްބަނޑުފުރި ވަރަށް ގަދައަށް ކުޑަކަމުދާންޖެހިފައި ހުރި ކަމުގެ އިހުސާސް ކުރެވުނެވެ. އެއްފަރާތެއްގައި ހުރި ފާޚާނާއާ ހަމައަށް ނުދެވެނީސް ގަޔަށް ކުޑަކަމުދެވިއްޖެއެވެ. ބަނޑަށް ވަރަށް ބޮޑަށް ލުއިވެގެން ދިޔަކަން އިހުސާސް ކުރެވުނެވެ. ފުންނޭވާއެއް ލެވުނީ އެހެންވެއެވެ. ހޭންޑް ޝަވަރު ނަގާ ފާޚާނާ ތެރެއަށް ފެންޖަހާލަން އުޅުނު ވަގުތު ޔަލާއަށް އިތުރު ސިހުމެއް ލިބިގެން ދިޔައީ ތަޅުންމަތީ ފެނާ އެކުވެގެންދާ ލޭގެ ރޮނގުތަކުންނެވެ. ރަނގަޅަށް ބެލިއިރު ލޭފައިބަމުން ދިޔައީ އޭނާގެ ކުރިމަތިފަރާތުންނެވެ. ކަންބޮޑުވެ ހާސްވެފައި ހުރެ ފެނުން ދޮންނަމުން ދިޔައެވެ. އެތައް ވަރަކަށް ދޮވެފައި ފާޚާނާގައި ނުހުންނަން ވެގެން އަވަހަށް ގައިގާ ތުވާލި އޮޅާލާގެން ޔަލާ ނުކުތެވެ.

(ނުނިމޭ)

Leave a Comment

Your email address will not be published. Required fields are marked *