( ހީވޭ ކަލާ ވާހެން، މި ވާހަކައަކީ 8 މެއި 2016 އިން 29 ޑިސެމްބަރ 2017 އަށް ޖުމްލަ 89 އެޕިސޮޑްގެ ގޮތުގައި ވީނިއުސްގައި ޝާއިރު ކުރެވުނު ވާހަކައެއް. )
“މީ މަގޭ ދިރިއުޅުން… އަހަރެން ލޯބިވާނެ މީހުންނާ ނުވާނެ މީހުން އެނގޭނީ އަހަންނަށް… އަހަރެން ކައިވެންޏެއް ކުރަންޏާ ކުރާނީ ޔަލާއާ އެހެންނޫނީ ދުވަހަކުވެސް ނުކުރާނަން ކައިވެންޏެއް” ކުދިކިޔަމުން ދިޔަ ޒަލަފް ހުރީ އަތިރިމަތީގައެވެ. ރާޅުތައް ބީއްސަމުން ދިޔަ އަޑާއި ހެނދުނަށް ހޭލައިގެން އުޅޭ ދޫނިސޫފާސޫފީގެ އަޑުތައް ފަޒާގައި ވެއެވެ. ފުންނޭވާއެއް ލީ ހިނދު މާހައުލުގައިވާ ލޮނުގެ އަސަރު އިހުސާސްކުރެވިގެންދިޔައެވެ. ކުޑަނަމަވެސް ހަމަޖެހުމެއް ޒަލަފްގެ ނަފްސަށް ލިބިގެން ދިޔައީ ދެނެވެ.
“ކިހިނެއް މިތަނަށް ތިއައީ” ޒަލަފްގެ ގާތުގައި މީހަކު ހުރިކަން ޔަޤީންވުމާއެކު އޭނާ ބަލާ ވެސް ނުލާ ހަރުކަށި ސުވާލެއް ކޮށްލިއެވެ.
“އަހަރުމެންނަކީ އާދައިގެ ބައެއްނޫންކަން ޒަލަފްއަށް އަދިވެސް ނޭނގޭތަ؟ އަހަރުމެންނަށް އަހަރުމެންގެ މީހުންގެ ޚަބަރު އޮޅުން ފިލުވޭނެ… ވަގުތުކޮޅެއް ނެގިޔަސް ތި އިންސާނުންނަށްވުރެ އަހަރުމެން މާ ކުޅަދާނަވާނެ” ފައުޅުވެގެން ދިޔަ ބެހެމަތް ވާހަކަދެއްކިއެވެ.
“ފާރަލުން ފިޔަވާ ބެހެމަތްއަށް އެހެންކަމެއް އެނގޭތަ” ބެހެމަތްއަށް ނުބަލަން ވެގެން ޒަލަފް ކުރިއަށް ޖެހިލިއެވެ. އޭރު އޭނާގެ ވައަތު ކޮނޑުގައި ދަބަސް އަޅުވާލައިފައި އޮތެވެ.
“އަހަރުމެންގެ ކައިވެންޏަކީ ކުއްލިއަކަށް ރޭގައި ހަމަޖެހުނު ކަމެއްނޫން… ޒަލަފް އެކަން އެނގެން ބޭނުންނުވީ… އަހަރުމެންގެ އާދަކާދައާ އެއްގޮތްވާ ގޮތުގެ މަތީން ހަމަޖެހުނު ކަމެއްއެއީ… ޒަލަފް ތިހާ ނުރުހެންޏާ ޒަލަފް ކީއްވެތަ ނުބުނީ މި ކައިވެނި ކުރާކަށް ބޭނުމެއްނޫނޭ… ޒަރަސްއަކީ ޒަލަފްގެ ކާފައެއްނު… ކީއްކުރަން އަހަރެން އިންކާރުކުރަންވީ… މި ހުރިހާ ދުވަހު އަހަރެން ހީކޮށްގެން ހުރީ އަރީޝާމެންގެ ގާތުގައި ޒަލަފް ހުންނާތީއޭ ޒަލަފްގެ ވިސްނުން އެހާ ތަފާތީ. އެކަމަކު މިހާރު އެނގިއްޖެއް، ޒަލަފް އަމިއްލައަށް ޤަބޫލުކުރަން ބޭނުންނުވަނީކަން… އަހަންނާއި ޒަލަފްއަކީ އެއް ނަސްލެއްގެ ދެ މީހުން… އަހަންނަކީ އަންހެނެއް، އަހަރުމެންގެ ތެރޭގައި ވެސް ހުރި އެންމެ ރީތި އަންހެނާ… އަހަންނާ އިންނާނެ އެތައް ބަޔަކު ވެދާނެ، އެކަމަކު އަހަރެން ޒަލަފްގެ ފަހަތަކުން އުޅެނީ ކީއްވެކަން ހަމަ ނޭނގޭތަ… އަހަންނަކީ ޖިންނިއެއްވީމަ އޭގެ މާނައަކީ އަހަރެންގެ ހިތަކާ އިހުސާސްތަކެއް ނުވާނެއޭތަ؟ އަހަންނަށް ލޯބިވާން ނޭނގޭނެއޭތަ؟…” ބެހެމަތްގެ އަޑުގައި ރުޅިއަށްވުރެ ބޮޑަށް ހިތްދަތިކަން އެކުލެވިފައި ވެއެވެ.
“މައްސަލައެއްނެތާ… އަހަރެން ބުނެފާނަން ރަޚަބްއާއި ޒަރަސްގެ ގާތުގައި… އަހަރެން ދުވަހަކު ވެސް މި ކައިވެންޏެއް ނުކުރާނަމޭ… ގަދަކަމުން އެމީހުންނަށް އަހަރުމެން ދެ މީހުންނެއް ނުދެވޭނެ…”
“ޒަލަފް ހީކުރާ ވަރަށްވުރެ އެމީހުންނަކީ މާ ބާރުގަދަ ބައެއް، ޒަރަސްއާއި ރަޚަބްގެ އިތުރުން އެ ޢާއިލާއަކީ އަހަރުމެންގެ ވެރީން… ވެރީންނަށް ވެވޭނީ އަހަރުމެންގެ ތެރޭގައި ގަދަފަދަ މީހުންނަށް… ފެށުނީއްސުރެން ވެސް ޒަލަފްގެ ޢާއިލާއަކީ ބާރުގަދަ ބައެއް، އުޞޫލުތަކާއި ނިންމުންތައް ނިންމާނީ އެ މީހުން…” ޒަލަފްއަށް ކަމެއް ވިސްނައިދޭން ބެހެމަތް އުޅުނު ކަހަލައެވެ. ނަމަވެސް ބެހެމަތް ފެނުމުން ވެސް ޒަލަފްގެ ނަފްސުގެ ހަމަޖެހުން ގެއްލިފައިވެއެވެ. ވީއިރު އޭނާ ދައްކާ ވާހަކައެއް ޒަލަފްއަށް މިވަގުތު ވިސްނައިގަންނާނެ ބާރެއް ނެތެވެ.
“ބެހެމަތް މި ހުރިހާ ކަމަކާ ދުރުގައި ހުރޭ… އަހަންނާ ވެސް ދުރުގައި… އަހަރެން މިބުނީނު އަހަރެން އެ މީހުންގެ ކައިރިއަށް ގޮސް ބުނެދާނަމޭ މި ކައިވެނި ކުރާން ބޭނުންނުވާކަން… އެކަމަކު ބުނަން، ކަލޭ އަނގަހުޅުވައިގެން ނުވާނެ…” ޒަލަފް ނުރުހިފައި ހުރެ ބުންޏެވެ. ބެހެމަތް ދުރުގައި ހުންނާކަށް ގަސްދެއް ނުކުރިއެވެ. މަޑުމަޑުން އައިސް ޒަލަފްގެ ދާދި ގާތުގައި ފުރަގަހުގައި މަޑުކޮށްލިއެވެ.
“ޒަލަފް… އެއްފަހަރު ވެސް ވިސްނާލަބަލަ… އަހަރުމެންނާއި އިންސާނުން ގުޅިގެން އުޅުމަކީ މިހާތަނަށް ވެފައި އޮތް ކަމެއްނޫން، އިންސާނަކާ ގުޅިގެން ދެ މީހުންކުރެ އެކަކަށް ގެއްލުމެއްނުލިބި އެ ގުޅުން ކުރިއަށް ގެންދެވިފައެއް ވެސް ނުވޭ، އާދޭސް ކުރަން ޒަލަފް… އަހަރެންގެ ވާހަކަ އަޑުއަހާބަލަ… އަހަރެން އެންމެ ލޯބިވާ މީހަކީތީ… ޒަލަފްއަށް ގެއްލުމެއްލިބޭކަށް އަހަރެން ނޭދެން… މިހެން ބުނަން ޖެހުނީތީ އަހަންނަށް މާފުކުރޭ، އަހަރެން ޒަލަފް ބަލައިގަތީ ވަރަށް ޅައުމުރުގައި… އަހަންނަކަށް މި އިހުސާސްތަކަކާ ދުރަކަށް ނުދެވޭނެ… ހެޔޮނުވާނެ ޒަލަފް… ތި ކުރާން އުޅޭ ކަންތައްތައް ހުއްޓާލާ… ހަމަތެދެއް މިބުނަނީ އަހަންނަކަށް ޒަލަފްއަށް އަނިޔާ ލިބޭތަން ބަލާކަށް ނުހުރެވޭނެ، އަހަރެން ވެސް ޒަލަފްދެކެ ވަނީ ހަޤީޤީ ލޯބި… އަހަރެން ވެސް އަހަރެންގެ ލޯބި ހޯދަން މަސައްކަތްކުރާނަން…” ބެހެމަތްގެ ނިތްކުރީ ޒަލަފްގެ ފުރަގަހުން އަތުގައި ޖައްސާލިއެވެ. އޭނާ މިހާރު ރޮނީއެވެ. ޒަލަފްއަށް ވެދާނޭ ގޮތަކާމެދު ކަންބޮޑުވެ ހިތްބިރުގެންފައި ވެއެވެ. ޒަލަފް ހުއްޓުވުމަށް ޓަކައި އޭނާގެ އަތްމަތީގައި އޮތް ކަމެއް އޭނާ ކުރާން ބޭނުމެވެ.
“އަހަރެން ބިރެއް ވެސް ނުގަނޭ. ޖެހިލުމެއް ވެސް ނުވޭ… އަހަރެންގެ ލޯތްބަށް ގެއްލުންދޭން އުޅޭ ބަޔަކަށް އަހަރެން ވެސް ގެއްލުން ދޭނަން” ދެބުމަ ގޮށްޖަހާލައިގެން ހުރެ ޒަލަފް ބުންޏެވެ.
“އަހަރެންގެ ވާހަކަ ވެސް ޒަލަފް ހަނދާންކުރާތި… ތި ގޮތްދޫނުކުރުމުގެ ހިތި ނަތީޖާ ޒަލަފްއަށް ވަރަށް އަވަހަށް ފެންނާނެ” ބެހެމަތްގެ ކެތްތެރިކަން ކޮޅުންލީއެވެ. ޒަލަފްގެ ކުރިމައްޗަށް ހުއްޓި އޭނާގެ ދެ އަތުގައި ބެހެމަތްއަށް ހިފާލެވުނީ ނިކަން ބާރަށެވެ. ދުލުން ވާހަކަދެއްކުމުގެ ބަދަލުގައި ޒަލަފްގެ ދެ ލޯ ބެހެމަތްއާ ވާހަކަދެއްކި ފަދައެވެ. އޭނާގެ ނުރުހުން ފާޅުވަމުން ދިޔަ ދެ ލޯ ބެހެމަތްއާ އަމާޒުކޮށްލާފައި ފަހަރަކު އަތަކަށް ބަލާލީ ބެހެމަތްއަށް އެ ދެއަތުން ދޫކޮށްލުމަށް އަމުރު ކުރާ ފަދައަކުންނެވެ.
“ރަނގަޅު… ދެވަނަ ފަހަރަށް އަހަރެންގެ ގައިގާ އަތްނުލާތި… ދުރުގައި ހުރޭ… އަހަންނާ މެދު ކޮންމެހެން ބެހެމަތް ހާސްވެގެން އުޅޭނެކަމެއްނެތް… އަދި ތި ފަތުވާތަކެއް އަޑުއަހާކަށް އަހަރެން ބޭނުމެއްނޫން… އަހަންނަށް ވެދާނޭ ގޮތެއްވާން ދޫކޮށްލާ… އިތުރަށް އަހަރެން ރުޅި ނާރުވާ މިތަނުން ދާންއުޅޭ… އަހަރެން ކަލޭގެ މޫނު ދުށުމަށް ވެސް މިހާރު ނޭދެން” ޒަލަފްގެ ދެއަތުން ބެހެމަތް އަވަހަށް ދޫކޮށްލުމުން އޭނާ ބުންޏެވެ.
ޒަލަފްގެ ބަސްތައް އިވިފައި ބެހެމަތްއަށް ދެ ލޯ ބޮޑުކޮށްލެވުނެވެ. ރުވާފައި އެއްލި ދުނިދަނޑިތަކެއް ފަދައިން ކޮންމެ ލަފުޒެއް ބެހެމަތްގެ ހިތް ފޫއަޅުވާލި ފަދަ އިހުސާސެއް ކުރެވިފައި އޭނާގެ ދޫ ބަންދުވެ ހިމޭންވީއެވެ. ބެހެމަތްގެ ތޫނުކަޅިރަވައިގެ ތެރޭ ބޮނޑިވެގަތް ކަރުނަތައް ޒަލަފްއަށް ވެސް ފެނުނެވެ. ނަމަވެސް އޭނާ މޫނު އަނބުރާލީ ބެހެމަތްއާ ދުރަށެވެ. އެހިނދު ފަޅިސުކުންތަކަށް ވެސް މަޑުޖެހުމެއްނެތި ބެހެމަތް ޣައިބުވެއްޖެއެވެ.
ލިބިފައިވާ ނުތަނަވަސްކަމާއެކު ޗަސްޖަހާލަމުން ޒަލަފް ބޮލުގެ ފުއްކިބައިގައި ކަނާތް ހިންގާލިއެވެ. އަދި ހަމަ އެ އަތް މުއްކަވާލުމާއެކު ނުރުހިފައި ހުރެ ވައިގެ ތެރޭގައި ހޫރައިގަނެ ފައިތިލަ އިން ޖަހާ ވެލިތައް ދުރަށް ބުރުއްސާލިއެވެ. ހަޅޭލަވަން ވެސް މިވަގުތު ޒަލަފް ބޭނުންވެފައި ހުރި ކަހަލައެވެ. ދެ ފަރާތަށް ބޯހޫރަ ހޫރާފައި ހަށިފުރާ ދެ ނޭވާ ލިއެވެ. ނަފްސުގެ ހަލަބޮލިކަން ހަމައަކަށް އެޅުވުމަށް މަސައްކަތް ފެށިއެވެ. މިވަގުތު ވިސްނުމުގެ ބޭނުން ހިފަން ޖެހޭނެކަމުގައި އޭނާގެ ޟަމީރު ގޮވާލީއެވެ. ރުކެއްގެ ޚިޔަލުގައި މަޑުކޮށްލައިގެން އިރުކޮޅަކު ޒަލަފް ހުއްޓެވެ. އެހެން ހުރިއިރު އޭނާއަށް ނިންމުނީ އެނބުރި އަރީޝާގެ ގާތަށް ދިއުމަކީ އެންމެ ރަނގަޅު ގޮތް ކަމުގައެވެ. އަރީޝާ ހަމަ ޔަޤީނުން ވެސް ކައިވެންޏެއް ކުރާކަށް ޒަލަފްއަށް މަޖުބޫރެއް ނުކުރާނެއެވެ. އަނެއްކޮޅުން ރަޚަބްއަށް ހަޤީޤަތް އެނގުމުން ފަހަރެއްގައި ޒަލަފް އެދޭ ގޮތަށް ކަންތައް ކުރުމުގެ އިޚްތިޔާރު ދީފާނެއޭ ވެސް ޒަލަފްގެ ހިތަށް އެރިއެވެ. އެހެންނަމަވެސް ތިލަފަތުގައި ކިރާލިއިރު އަރީޝާގެ ކޮޅަށް ޚިޔާލު ބުރަވެފައި ވެއެވެ.
އަވަސްއަރުވާލަފައި ދިއުމުގެ ބަދަލުގައި ގަސްތަކުގެ ތެރެއިން ޒަލަފް އާދައިގެ ހިނގުމެއްގައި ކުރިއަށް ދިޔައެވެ. އޭނާގެ މަންޒިލަކީ އަރީޝާ އުޅޭ ގެއެވެ. އެހެންނަމަވެސް ގެ ލޮލު ކޮޅަށް ނުފެންނަނީސް ވައިރޯޅިއެއްގެ ހިލަމެއްނެތި ގަސްތައް ހެލިގަތް އަޑު އިވިގެން ދިޔައެވެ. ހަމައެއާއެކު ޒަލަފްގެ ބޮލުގައި ރިއްސާލައިފިއެވެ. މަޑުޖެހިލުމަށް ސިކުނޑި ހަނާ އަޅާލިއެއްކަމަކު ޟަމީރު ގޮވަމުންދިޔައީ ނުހުއްޓި އަވަހަށް އެތަނުން ދިއުމަށެވެ. ނޫނީ ޣައިބުވެ އެތަނަށް ފާޅުވާން އެ އުޅޭ ބިރުވެރިކަމަކުން ސަލާމަތް ހޯދުމަށެވެ. ޣައިބުވެލަން ވަގުތު ވީ ނަމަވެސް އޭނާ ބޭނުންވި މަންޒިލަކަށް ދަތުރެއް ނުކުރެވުނެވެ. ކުއްލިއަކަށް މީހަކު އޭނާގެ އަތުގައި ހިފެހެއްޓިއެވެ. ހުރިތަނަށް ޒަލަފް ގަނޑުވި ކަހަލައެވެ. ސިމެންތިގަނޑެއްގައި ބިމާއެކު ދެފައި ހަރުވެފައި ހުރި ކަހަލައެވެ. ފަރާތް ފަރާތަށް ބަލާލި ނަމަވެސް މީހަކު ނުފެނުނެވެ. އެހެންވިޔަސް އަތުގައި އެ މީހަކު ހިފަހައްޓާފައި ހުރިކަން އިހުސާސް ކުރެވެއެވެ. ޒަލަފް ދެ ލޯ މަރާލުމާއެކު އެ ނުފެންނަ އަތުގައި އޭނާ ވެސް ހިފައިފިއެވެ.
“ޒަލަފް ކިތަންމެ ހުށިޔާރު ނަމަވެސް މިއަދު ބައްޕައަށް މި އަތަކުން ދޫކޮށެއް ނުލެވޭނެ” ޒަލަފްގެ ލޯ މައްޗަށް ފައުޅުވެގެން ދިޔަ ރަޚަބް ބުންޏެވެ. ކުއްލި ސިހުމަކާއި ހައިރާންކަމެއް ޒަލަފްއަށް ލިބިގެން ދިޔައީ ރަޚަބްއަށް ސީދާ އޭނާ ހުރި ތަނެއް އެނގުމުންނެވެ. ހަމަ އެހާ އަވަހަށް ސިކުނޑީގައި އުފެދުނު އެ ސުވާލަށް ޖަވާބު ލިބިގެން ދިޔައީ ބެހެމަތް ކުރިން ދެއްކި ވާހަކަތަކުންނާއި ޚުދު އޭނާއަށް ލިބިފައިވާ މަޢުލޫމާތުންނެވެ. ގަދަ ހެދުމެއް ޒަލަފްގެ ފަރާތުން ނުފެނުނެވެ. މަޑުމަޑުން އިސްޖަހާލެވުމާއެކު ޒަލަފް ހުރި ފިޔަވަޅު މަތީން ގުޑި ނުލިއެވެ.
“ހިނގާ ދާން” ރަޚަބް ބުންޏެވެ. އެއާއެކު ޒަލަފް ދެ ފަރާތަށް ބޯހޫރާލިއެވެ.
“ކީއްވެ؟ އަހަރެން މީ ޒަލަފްގެ ބައްޕައެއްނު… ތިގޮތަށް ޢާއިލާއަށް އެނގުމެއްނެތި އައުމަކީ ރަނގަޅު ގޮތެއްނޫން” ރަޚަބްގެ ވާހަކަތައް ކުރިއަށް ގެންދިޔައީ ޒަލަފްގެ ކަނާއަތުގައި އޭނާގެ ވައަތުން ހިފަހައްޓާލައިގެން ހުރެއެވެ. އޭނާގެ އަޑުގައި ނުރުހުމުގެ އަސަރެއް ނުވެއެވެ. ނޫނީ ޒަލަފްއަށް ވިސްނައިދިނުމަށް މަޑުމައިތިރިކަން ރަޚަބް ޚިޔާރުކުރީއެވެ.
“މަންމަ ކައިރިއަށް މިދަނީ” ޒަލަފް މަޑުމަޑުން ބުންޏެވެ.
“ބުނެލާފައި ދެވިދާނެއެއްނު… ރޭގައި ނުކުމެގެން ދިޔަ ގޮތަށް ގެއަށް އައީ ކިހާ އިރަކުކަމެއް ވެސް ނޭނގޭ… ހެނދުނު ހިއްރާ އައިސް ބުނީމާ ބައްޕައަށް އެނގުނީ ޒަލަފްގެ ހުރިހާ އެއްޗެއް ހިފައިގެންކަން ނުކުމެ ތިއުޅެނީ”
“ބައްޕަމެން ތި ހަމަޖެއްސި ކައިވެނި ކުރާކަށް އަހަރެން ބޭނުމެއްނޫން… އެއްފަހަރު ވެސް އަހަރެންގެ ގާތުގައި އަހާލިނަމަ…” ޒަލަފް ހިތްވަރުކޮށްފައި އޭނާ ނުކުމެގެން ދާން ބޭނުންވާ ސަބަބު ހާމަކުރިއެވެ.
“ޒަލަފްއާއި ބެހެމަތްގެ ކައިވެންޏަކީ ވަރަށް ކުރީއްސުރެ ދުށް ހުވަފެނެއް، ޒަލަފް އެނބުރި އަންނާނޭކަމުގެ ޔަޤީންކަން ބެހެމަތްއަށް އޮތް… އެ ކުއްޖާ ޒަލަފްއަށް ޓަކައި ކޮންމެކަމެއް ކުރާން ވެސް ހުރީ ތައްޔާރަށް، ކުޑައިރުއްސުރެ ޒަލަފް ފެންނަ ހިސާބުގައި އޭނާ އުޅުނީ، ތި ދެކުދިންވަނީ އެކަކު އަނެކަކަށް ޓަކައި…” ރަޚަބް ބުންޏެވެ.
“އަހަރެން ކައިވެނި ކުރާންވީމާ އެނގޭނީ އަހަންނަށް، އަދި ބައިވެރިއަކަށް ހޮވާނީ ކާކުކަން ވެސް އެނގޭނީ އަހަންނަށް… ބެހެމަތަށް އަހަރެން ކިތަންމެ ކަމުދިޔަ ނަމަވެސް އަހަރެން ބޭނުންވާ ގޮތަކީ ކޮބައިކަން އަހާލައިގެން ނުވޭތަ” ނޭނގުމުގެ ތެރޭގައި ވެސް ހިތަށް ލިބިފައިވާ ނުތަނަވަސްކަމާ ހުރެ ޒަލަފްގެ އަޑުގައި ހަރުކަށިކަން އެކުލެވިގެން ދިޔައެވެ.
“ބެހެމަތްގެ ކޮޓަރިން، އޭނާގެ އެނދު މަތިން ޒަލަފް ފެނުނު ވާހަކަ މެލްފަސްބުނި… އަހަރެން ވެސް ދުށިން ބެހެމަތްގެ ފަހަތުން ޒަލަފް ވެސް އުޅެނިކޮށް… ކައިވަންޏެއް ނުކޮށް ބެހެމަތްއާއެކު އެހެންކަހަލަ ކުޅިވަރެއް ޒަލަފް ކުޅެނީތަ؟ އެފަދަ ކަމެއް ކުރާން ބެހެމަތް ޚިޔާރުކުރީ ކީއްވެ؟” ރަޚަބްގެ އަޑު ވެސް ބަދަލުވެގެންދިޔައެވެ.
“އަހަރެން ބެހެމަތްއަށް އެއްވެސް ކަމެއް ނުކުރަން… އޭނާގެ ފަހަތުން އުޅެނީ އަހަންނެއްނޫން… އަހަރެން ބެހެމަތްއަށް އެންގީ އަހަރެންގެ ޒާތީ ދިރިއުޅުމުގެ ތެރެއަށް އޭނާ ނުވަނުމަށް، އަހަންނަށް ފާރަ ނުލުމަށް، އަހަރެންގެ ހަޔާތަށް އަންނާނީ އަހަރެން ހޮވާ ބައިވެރިއެއްކަން… ގަދަކަމުން ނުރުހުމުގައި ކައިވެންޏެއްކޮށްގެން ލިބޭނޭ އުފަލެއްނޯންނާނެ… ބެހެމަތް ވެސް އޮޅުވާލީ… އޭނާއަށް މެލްފަސްގެ ގާތުގައި ހަޤީޤަތް ހާމަކުރަން ބޭނުންނަމަ އެކަން ކުރެވުނީސް… އޭނާއަށްވުރެ ބޮޑަށް އަހަރެން މި ކައިވެނި ނުކުރާނެކަން ފެށުނީއްސުރެން އެނގޭނެ ދެވަނަ މީހަކު ނުހުންނާނެ… އަމިއްލަ އެދުން އިސްކޮށް ހުރިހާ ކަމެއް ސިއްރުކޮށްގެން އޭނާ ހުރީ…”
ޒަލަފްގެ ވާހަކަތަކުން ރަޚަބްގެ ހިތް ނުތަނަވަސްވެއްޖެއެވެ. އިތުރަށް ކަންބޮޑުވީ ޒަލަފްގެ އަތުން މި ވަގުތު އޭނާ ދޫކޮށްލުމަކީ އަބަދަށް އެކުއްޖާ އަރީޝާއާ ހަވާލުކުރުން ކަމުގައި ހީވެފައެވެ. އިރުކޮޅަކު އިސްޖަހާލައިގެން ހިމޭނުން ހުރެފައި ޒަލަފްއަށް ރަޚަބް ބަލާލިއެވެ.
“ހިނގާ އިހަށް ގެއަށް، ތިކަމާ ބައްޕަ ވާހަކަދައްކާނަން، ޒަލަފްގެ ނުރުހުމުގައި ކަމެއް ކުރާކަށް ނުޖެހޭނެ” ހިތާއި ސިކުނޑީގައިވާ ކަންކަން ރަޚަބް ސިއްރުކުރުމާއެކު ބުނެލިއެވެ. ޒަލަފް ހިތްހަމަޖައްސައިގެން އެ މީހުންގެ ގާތަށް ގެންދިއުން މިވަގުތު އެންމެ މުހިންމު ކަމެއްގެ ގޮތުގައި ރަޚަބް ދުށްޓެވެ. ޒަލަފް އަނގައިން ނުބުނެ ހުންނަން ފެށުމުން އޭނާގެ އަތަށް ދަމާލާފައި އަނެއްކާ ވެސް ރަޚަބް އެދުނީ އޭނާއާއެކު އެނބުރި ދިއުމަށެވެ. ބަހެއް ވެސް ނުބުނެ ޒަލަފް ހުރީ ރަޚަބްއަށް ބަލާލަން ވެސް ބޭނުންނުވެފައި ހުރި ހެންނެވެ. ހަޤީޤަތުގައި އޭނަ އެނބުރި ދާކަށް ބޭނުމެއްނުވެއެވެ. ބޭނުންވަނީ އަރީޝާގެ ގާތަށް ދާށެވެ. އެގޮތުން އޭނާއަށް ޔަލާއާ މިނިވަންކަމާއެކު ބައްދަލުކުރެވޭނެކަމުގައި ޒަލަފްއަށް ޤަބޫލުކުރެވޭތީއެވެ. މަޑުމަޑުން ހުއްޓާ ރަޚަބްގެ އަތް ޒަލަފްގެ ކޮނޑުގައި އަޅުވާލުމާއެކު ގަޔާ ކައިރިކޮށްލިއެވެ. އެހިނދު ޒަލަފްގެ ދެ ލޯ މައްޗަށް އަނދިރިވެ އޭނާގެ ފެނުން އަނބުރާ ލިބުނުއިރު ރަޚަބްއާއެކު ޒަލަފްއަށް ހުރެވުނީ އޭނާ ދޫކޮށްލާފައި ދާން މަސައްކަތްކުރި ގޭގެ ގޯތިތެރޭގައެވެ.
“އަހަރެން މަންމަގެ ގާތަށް ދާނަން” އިސްޖަހާލައިގެން ހުރެ ޒަލަފް ބުންޏެވެ.
“ހަމަ ދާންވީ… އިހަށް އާދޭ ސައިބޯން… ދެން ހަމަޖެހިގެން ވާހަކަ ދައްކާނީ… ކައިވެންޏާ މެދު ޒަލަފް ނުވިސްނާ” ރަޚަބް މިހެން ބުންޏެއްކަމަކު ޒަލަފްއަށް މުޅިއަކުން ހަމަޖެހިނުލެވުނެވެ. ނަމަވެސް ރަޚަބްގެ ފަރާތުން ޒަލަފްގެ ޚިޔާލުތަކަށް އޭނާ ވިސްނާކަން އެނގުނެވެ.
* * * *
“ކޮންކަމަކާ ތި ވިސްނަނީ” ކޮފީތަށި ތުނބުން ވަކިކޮށްލާފައި ރީހާން ސުވާލުކުރީ އޭނާގެ ކުރިމަތީގައި ސައިބޯން އިން ޔަލާއާއެވެ.
“އަހަރެން މިއުޅެނީ މަންމަ ގާތުގައި ބުނަންވެގެން” ރަކި ހިނިތުންވުމަކާއެކު ޔަލާ ބުންޏެވެ.
“އަހަންނަށް ކާންދޭން ތިގެއަށް ގެންދަނީތަ؟” ރީހާންއަށް ޔަލާގެ ވާހަކައިގެ މަޠުލަބު އެނގުނެއްކަމަކު ސަމާސާކޮށްލިއެވެ.
“ޒާލްގެ ވާހަކައޭ މި ދައްކަނީ…” ރީހާންގެ ސަމާލުކަމަށް ޔަލާ ބުންޏެވެ.
“ތިކަމާ އަހަރެން ބުނާނީ ވަކި ކީކޭ، ގޮތް ނިންމާނީ ޔަލާގެ މަންމައެއްނު… އަހަރެން ތިގެއަށް ގެންދާނީ ދެން ކޮންދުވަހަކުންތަ؟ ނޫނީ ޔަލާ އަންނަންވީނު އަހަރުމެން ގެއަށް… މަންމަ ވަރަށް އުފާވާނެ… އަނެއްކާ އަހަރުމެންނަކީ ކިތަންމެ ދުރުން ވިޔަސް ތިމާގެ މީހުންނެއްނު…”
“އަހަރުމެން ގެއަށް ރީހާން ގެންދާނަމޭ… ލެޓްސް ސޭ… އަހަރެން މަންމަގެ ގާތުގައި ޒާލްގެ ވާހަކަ ބުނެގެން މަންމަ އޯކޭ ވެއްޖެއްޔާ މި ހަފްތާގެ ހުކުރު ދުވަހު ރީހާން ގެންދާނަން އަހަރުމެން ގެއަށް… އޯކޭތަ؟” ހެވިފައި އިނދެ ޔަލާ ބުންޏެވެ.
“ތީ ދެން ވަރަށް ހެއްވާ ގޮތެއް… މަންމަ ރުހުމާއި ނުރުހުން އެއީ އަހަރެން ކުރާނޭ ކަމެއް ނޫން… އަހަންނަށް ތިގެއިން ކާންދޭން ޔަލާ އޮތީ ކުރިއްސުރެން އެއްބަސްވެފައި…” ޔަލާގެ ނިންމުމާ ރީހާން އެއްބަހެއް ނުވިއެވެ.
ދެ ޒުވާނުން ސަމާސާ ވާހަކަތަކުގައި ތިބެ ސައިބޮއެގެން އެނބުރި ހޮސްޕިޓަލަށް ދިއުމަށް ކެފޭއިން ނުކުތެވެ. އަދި އައިސް މަގުގެ އެއްފަރާތުގައި ޕާކުކޮށްފައި އޮތް ރީހާންގެ ކާރަށް ދެ މީހުން އެކުގައި އެރިއެވެ. އެ ދެމެދުގައި ގާތް އެކުވެރިކަމެއް އުފެދުނީތީ އެކަމާ ރީހާން ވަރަށް އުފާވެއެވެ. އެހެންނަމަވެސް އޭނާގެ ހިތުގައިވާ އޮއެވަރަށް ބަދަލެއް ނާދެއެވެ. ޔަލާއަށްޓަކައި ބިންވަޅުނެގިފައިވާ އިހުސާސްތައް އަދިވެސް އަންނަނީ ފުންވަމުންނެވެ. ރަޙުމަތްތެރިކަމުގައި ލޯބީގެ ކުލަ ޖެހިދާނެ އިރަކަށް ރީހާން އިންތިޒާރުގައި ހުރި ކަހަލައެވެ.
ހޮސްޕިޓަލުގެ ތެރެއަށް ވަދެގެން އައިސް ދެ ޒުވާނުން ވެސް މިސްރާބު ޖެހީ ފާޚާނާއާ ދިމާއަށެވެ. އަންހެން ފާޚާނާއަށް ޔަލާ ވަދެ އަތުގައި އަޅުވާލައިފައި އޮތް އަތްދަބަސް މޫނުދޮންނަ ތަށި ކައިރި ބަހައްޓާލުމާއެކު ލޯގަނޑުން އަމިއްލަ ސޫރައަށް އޭނާ ބަލާލިއެވެ. ބަލިމީހުންގެ ގާތަށް ދިއުމުގެ ކުރީން އޭނާ އަތްދޮވެ ތާޒާ ވެލިއެވެ. ޓިޝޫއަކުން މޫނު ރީތިކޮށް ފުހެލާ ފުއްޖަހާލިއެވެ. އަދި ތުންފަތުގައި ޖައްސާފައިވާ ގަދަ ރަތްކުލައިގެ ލިފްސްޓިކު އަލުން އައުކޮށްލިއެވެ. އިސްތަށިގަނޑު ރީތިކޮށްލާފައި އަތްދަބަހުން ނެގި ސެންޓުފުޅިއަކު މީރުވަސް ފަތުރާލިއެވެ. ހިތްހަމަޖެހޭވަރު ވުމުން ފާޚާނާއިން ޔަލާ ނުކުތެވެ. އޭރު ފިރިހެން ފާޚާނާއިން ނުކުމެ އެ ތަނުގައި މަޑުކޮށްލައިގެން ރީހާން ހުއްޓެވެ. ޔަލާ ފެނުމުން ހިނިތުންވެލާފައި ދެ މީހުން އެކުގައި ހިނގައިގަތީ އޮފީހާ ދިމާއަށެވެ.
ގޮނޑިއަށް ހަށިގަނޑު ދޫކޮށްލައިގެން ކަނާތު އަތްތިލައިގެ ދެ އިނގިލި ދޭތެރެއިން ގަލަމެއް ހިފަހައްޓާލައިގެން އިނދެ އެ ގަލަމުން މޭޒުގައި ޖަހާލަ ޖަހާލާ ޝިޔާރު އިނެވެ. އެހެން އިންދާ ކެބިންގެ ދޮރުގައި ޓަކި ޖަހާލާފައި ހުޅުވާލީ ރީހާންއެވެ. އުމުރުގެ ތަފާތު ދެމެދުގައި ހުއްޓެއްކަމަކު ރީހާންއާއެކީ މަސައްކަތް ކުރުން ޝިޔާރަށް ވަރަށް ފަސޭހައެވެ. އަދި ރީހާންގެ ޚިޔާލު ވެސް ޝިޔާރަށް ވަރަށް ކަމުދެއެވެ. އިތުބާރު ހިފޭނޭ ރަޙުމަތްތެރިއެއްގެ ގޮތުގައި އޭނާއަށް ރީހާން ފެނެއެވެ.
“ހެނދުނު ކޮފީތަށްޓެއް ވެސް މިއަދު ނުލިބޭ ދުވަހަކީތަ؟” ގޮނޑީގެ ތެރެއަށް ވެއްޓިގެން ކަހަލަ ގޮތަކަށް އިން ޝިޔާރު ހަމަޖެހިލިތަން ފެނި އޭނާގެ މޭޒުކައިރީ އައިސް ހުއްޓިލަމުން ރީހާން ބުންޏެވެ.
“ހުރިހާ ކަމެއް ހައްލުކޮށްދޭ އެއްޗަކަށް ކޮފީ ނުވިޔޭ…” ރީހާންކޮށްލި ސަމާސާގައި ޝިޔާރު ވެސް ބައިވެރިވެލިއެވެ. އޭނާއަކީ އަބަދުވެސް އެފަދަ މިޒާޖެއްގެ ވެރިއެކެވެ. ރީހާން އައިސް އޭނާގެ އަތުގައި އޮތް ދެ ފައިލެއް ދިއްކޮށްލިއެވެ. އަދި މަސައްކަތުގެ ވާހަކަދައްކަން ފެށިއެވެ.
ޝިޔާރުގެ ކުރިމަތީ ހުރި ގޮނޑިތަކުން ގޮނޑިއެއްގައި ރީހާން އިށީނދެގެން އިނެވެ. ދެ މީހުން މަސައްކަތުގެ ކަންކަން ނިންމާލިއެވެ. އެއާއެކު ރީހާންއާ ދިމާކޮށްލުމުގެ ގޮތުން ޝިޔާރު ވާހަކަދައްކަން ފެށިއެވެ.
“ކޮބާ އަދިވެސް ފަހަތުން ދުވެދުވެ ކުކުޅު އަތުވާގޮތެއްނުވޭ ދޯ…”
“އަތުލާން ނޫޅެންޏާ ނުވާނެއެއްނު” ހިނިއައިސްފައި އިނދެ ރީހާން ބުންޏެވެ.
“ކީއްވެ ނުހިފަންވީ، އަނެއްކާ ކުކުޅުގެ ފައިގައި މީހަކު ވާގަޑެއްޖަހައި ހައްޔަރުކުރީތަ” ޝިޔާރު އެ ދައްކަނީ ޔަލާގެ ވާހަކަކަން ސާފުކޮށް ރީހާންއަށް އެނގެއެވެ. ދުވަހަކު ވެސް އަންހެންކުއްޖަކު ގޮވައިގެން އެގޮތަށް ތަންތަނަށް ސައިބޯން ގޮސް ކޮފީތަކަށް އަރައި އޭނާ ނުހަދައެވެ.
“އަހަރެން އެކަންޏެއްނޫނެއްނު ކުކުޅު ހިފަންވީ… ޝިޔާރު ވެސް ތިހުންނަނީ ބެޗެލަރ ލަޤަބު ގެއްލިދާނެތީވެ” ރީހާން ބުންޏެވެ.
“ރީހާން… ތެދަށް ބުނަންޏާ އަހަރެން އަމިއްލައަށް ބޮނޑިބޮއެގެން މިހުންނަނީ… މިފަހަކަށް އައިސް އެ ޚިޔާލުތަކާ ދުރަކަށް ނުދެވޭ… އަޅެ ރީހާން ބުނެބަލަ… ކުށެއްކުރެވިގެން އެކަން ދެން ތަކުރާރުނުކުރާނަންކަމަށް ވަޢުދުވުމުން ދެވަނަ ފުރުޞަތެއް އެ މީހަކަށް ލިބިގެން ނުވޭތަ؟”
“ބައެއްފަހަރަށް ކުރެވޭ ކުށުގެ ގޮތުން މާފުކޮށް ދެވަނަ ފުރުޞަތެއްދޭން ފަސްޖެހޭނެ، އެންމެ ބޮޑުކަމަކީ ގެއްލިގެންދާ އިތުބާރު، އެ އިތުބާރު ލިބުނު ދުވަހަކުން ކަންނޭނގެ ގިނަ ފަހަރަށް ދެވަނަ ފުރުޞަތެއް ދެނީ” ރީހާންގެ ޚިޔާލު ފައުޅުކުރިއެވެ.
“ތީ ވެސް ތެދެއް… އެކަމަކު ދުނިޔެ އުމުރަށް އެމީހަކަށް އަނިޔާ ލިބެންވެއްޖެނަމަ ދެވަނަ ފުރުޞަތަކަށް އެފަދަ ދިގު އިންތިޒާރެއް ކުރާނީ ކިހިނެއް؟ ފުރުޞަތު ދީގެން އިތުބާރު ވެސް ކުރެވޭނީ… މީހާ ބަދަލުވެއްޖެކަން ދެނެގަނެވޭނީ ވެސް އޭރުންހެން މަށަށް ހީވަނީ” މާޔޫސްވެ އަނެއްކާ ވެސް ޝިޔާރުގެ ހަށިގަނޑު ގޮނޑީގެތެރެއަށް ދޫކޮށްލިއެވެ.
“އަހަންނަކަށް ނޭނގެ ޝިޔާރަށް ދިމާވެގެން ތިއުޅެނީ ކިހާވަރެއްގެ ކަމެއްކަން… ތީ ވަރަށް ކެރޭ މީހެއް… ކުރިމަތިލުމުން ފުރަތަމަ ނުވާނެއޭ ހީވިޔަސް ފަހުން ވާނޭ ގޮތެއް އެނގެނީ ކާކަށް، ފަހަރެއްގައި ހިތްވަރު ދޫކޮށްނުލާ އެއް އަޒުމެއްގެ މަތީ ދެމިހުންނަނިކޮށް ނުވާނޭ ހީވާ ކަންތައްތައް ވެސް ވެފައި ހުރެއެއްނު”
“އެހެންވެދޯ ރީހާން ގޮތްދޫނުކޮށް ތި ހިފަނީ… އަނެއްކޮޅަށް ދޫނުދޭންވެގެން ދޯ” ރިހާންގެ ވާހަކަތަކުން ޝިޔާރަށް ހިތްވަރު ލިބުނު ނަމަވެސް ތަނަށް ވެރިވެފައިވާ ނުތަނަވަސްކަން ފިލުވާލުމަށް ސަމާސާ ރައްދެއް ރީހާނަށް ޝިޔާރު ދިނެވެ.
ރީހާން ނުކުމެގެން ދިއުމާއެކު ޝިޔާރު މޭޒު ދޮށުން ތެދުވިއެވެ. އަދި ގަމީހުގެ ބެގީއާއި ކަރުގައި އޮތް ޓައީ ރަނގަޅުކޮށްލާފައި ކެބިން އިން ނުކުތެވެ. ނަރުހުން ތިބޭ ސްޓޭޝަންއާ ދިމާއަށް ހިނގައިގަތެވެ. ކައުންޓަރު ދޮށުގައި ތިން ނަރުހުން ތިއްބެވެ. އެކުދިން ޝިޔާރަށް ހެނދުނުގެ ސަލާމްކޮށްލިއެވެ. ޝިޔާރަކީ ހިތްހެޔޮ މަޖާވެރިއެއްގެ ގޮތުގައި ބައެއްމީހުން ދުށްޓެއްކަމަކު އަނެއްބަޔަކު ޤަބޫލުކުރަނީ ޝިޔާރުގެ އެ ހުންނަ ސަމާސާ ގޮތަކީ އަންހެންކުދީން ހައްލާލަން ބޭނުންކުރާ އުކުޅެއްގެ ގޮތުގައެވެ.
“ފާތުން، ކޮބާ ސިތާރާ… ސްޓޭޝަން އަޑުމަޑުވެފައި މިއޮތީ އޭނާ ނެތީތަ؟” ޝިޔާރު މިހެން ބުނުމާއެކު ކައުންޓަރުގައި ތިބި ތިން ނަރުސްކުދީން ވެސް ހީނލައިފިއެވެ.
“އެބައުޅޭ… ޓްރެއިނީ ކުދީންކޮޅު ގޮވައިގެން ކުޑަކުދީންގެ ވޯޑަށް ގޮސްވެއްޖެ” ފާތުން އޮޅުންފިލުވައިދިނެވެ.
“މެންދުރު ބްރޭކަށް ދިއުމުގެ ކުރީން އަންގާލައްޗޭ އަހަންނާ ބައްދަލުކޮށްލާފައި ދިއުމަށް” ރަސްމީ ސިފައެއްގައި ޝިޔާރު ބުންޏެވެ. އަދި ހޮސްޕިޓަލުގެ އެކިކަންކަން ހުރި ގޮތް ބަލާލާ އުސޫލުން ޝިޔާރު ހިނގައިގަތެވެ.
ހިތްހަމަނުޖެހިފައި ހުރެ ވެސް ވެރިޔާގެ ބަހަށް ކިޔަމަންވާން މަޖުބޫރުވާތީ ސިތާރާ އައިސް ޝިޔާރުގެ ކެބިންގެ ދޮރުގައި ޓަކިޖަހާލިއެވެ. އެއާއެކު އެތެރެއިން ޝިޔާރުގެ އަޑުއައީ ހުއްދަދިނުމުގެ ގޮތުންނެވެ. ފުންނޭވާއެއް ބޭރުކޮށްލުމާއެކު ދޮރުހުޅުވާލާފައި ސިތާރާ އެތެރެއަށް ވަނެވެ. ޝިޔާރު އިޝާރާތްކުރީ ކުރިމަތީ ހުރި ގޮނޑިތަކުން ގޮނޑިއަކަށެވެ. ސިތާރާ އެ ތަނުން ގޮނޑިއެއްގައި އިށީނދެ ޝީޔާރަށް ނުބަލަން އިސްޖަހާލައިގެން އިނެވެ. އިރުކޮޅަކު އެ ދެމެދަށް ހިމޭންކަން ވެރިވެފައި އޮވެފައި ޝިޔާރު ވާހަކަދައްކަން ފެށިއެވެ.
“މި ނޫން ގޮތަކަށް އަހަންނަށް ސިތާރާއާ ވާހަކަދެއްކޭނެ ގޮތެއްނެތް…” ޝިޔާރު ބުނަން އުޅޭ އެއްޗެއް ފުރިހަމަ ނުކުރެވެނީސް ސިތާރާ ވާހަކަދެއްކިއެވެ.
“ޝިޔާރު ބުނަންޖެހޭ ވާހަކައެއް ނޯންނާނެ” ނުރުހުމުގެ ރާގެއްގައި ސިތާރާ ބުންޏެވެ.
“ސިތާރާ އަހަރެންގެ ދެކެ ރުޅިއަންނަން ހައްޤު، އަހަރުމެން ދެ މީހުންގެ ދެމެދުގައި އޮތް އިތުބާރު ގެއްލުވާލީ ޚުދު އަހަރެން، އޭރު އެކަން ބޮޑުކަމަކަށް ނުވިނަމަވެސް މިހާރު އަހަރެން އެހެނެއްނޫޅެން، އޭރުވެސް ސިތާރާއަށް އެއްވެސް ކަމެއް އެނގޭކަށް އަހަރެން ބޭނުމެއްނޫން، ސިތާރާއަށް ހުރިހާ ކަމެއް ފަޅާ އެރުމުން އަހަންނަށް ފުރަތަމަ ފަހަރަށް އުޅެވެމުން އައި ގޮތާ މެދު ވިސްނާލެވުނީ… އަހަރެން ސިތާރާއާ ރައްޓެހިވީ ވަރަށް ސީރިއަސް ރިލޭޝަންޝިޕެއް ކުރިއަށް ގެންދަން… އާދޭސްކޮށްފަ މިބުނީ… އަހަރެން ބަދަލުވެއްޖެއިން… އަހަންނަށް ދެވަނަ ފުރުޞަތެއް ނުދޭނަންތަ؟ ސިތާރާއަށް ޤަބޫލުނުކުރެވޭނެކަން އެނގޭ… އެހެންވިޔަސް އަހަރެން ސިތާރާދެކެވީ ތެދުވެރި ލޯބި… އެތަށް އަހަރެއް ފާއިތުވެ ދިޔައިރު ވެސް އަހަންނަށް ސިތާރާގެ ޚިޔާލުތަކާ ވަތްކެއް ނުވެވުނު، އަހަންނަށް ވެސް ޅައެއްޗެއް އެޅުނީ… އެކަމާ ހިތާމަނުކުރާ ދުވަހެއް ނުދޭ…”
“ޝީޔާރުގެ ވާހަކަތަކަށް އަހަރެން އިތުބާރުކުރިން، މީހަކު ކޮންމެ ވާހަކައެއް ދެއްކި ނަމަވެސް އަހަރެން އެވާހަކައެއް ޝިޔާރުއާ ޚިއްޞާކުރިން… އަހަރެން ހަމައެކަނި ޤަބޫލުކުރީ އަހަރެން ކައިރީ ޝީޔާރު ބުނާ އެއްޗެއް… އެކަމުން އަހަންނަށް ލިބުނީ ކިހާބޮޑު ދެރައެއް…” އިސްޖަހާލައިގެން އިނދެ ސިތާރާ ވާހަކަދެއްކިއެވެ. އޭނާގެ ހިތުގައި ފޮރުވައިވާ އިހުސާސްތައް ފައުޅުވެދާނޭތީ ބިރުން އިން ކަހަލައެވެ.
“އަހަރެން ދުވަހަކުވެސް ދެން އެފަދަ ދަށުދަރަޖައިގެ ޢަމަލެއް ނުހިންގާނަން، އަހަރެން ބޭނުންވަނީ ސިތާރާ އަހަންނަށް ދެވަނަ ފުރުޞަތެއް ދޭން… މިހާރު އަހަރެން ބޭނުންވަނީ ރަނގަޅު ދިރިއުޅުމެއް ފަށަން، އެ މަންޒިލަށް ވާޞިލުވާން ބޭނުންވަނީ ސިތާރާ ފަދަ އަޙުލާގު ރަނގަޅު އަހަރެންގެ ހިތް ރުހޭ ބައިވެރިއަކާއެކު… އަމިއްލަ އަތުން ނަގާލެވުނު ޖަވާހިރެއްތީ… ސިތާރާއާ ވަކިވިފަހުން އަހަންނަށް ހަމަޖެހުމެއްނުލިބޭ، އަނެއްކޮޅުން ފެންނަ ކޮންމެ ފަހަރަކު އަހަންނަށް ކުރެވުނު ކުށުގެ މަތިން ހަނދާންކޮށްދޭ… ސިތާރާ ބުނި ކޮންމެ ކަމެއް ވެސް އަހަރެން ކޮށްފާނަން… އަހަންނަށް ހަމަ އެންމެ ފުރުޞަތެއް ދީ” ޝިޔާރު ވާހަކަދައްކަމުން އިން ގޮނޑިން ތެދުވެގެން އައިސް މޭޒުގެ އެއްފަރާތުގައި މަޑުކޮށްލިއެވެ. ސިތާރާ ބަލަން އިން ގޮތުން ހީވަނީ ޝިޔާރުގެ ވާހަކަތަކުގައިވާ ތެދުވެރިކަން އޭނާގެ ލޮލުން ދެނެގަންނަން ބޭނުންވަނީ ހެންނެވެ. އަނގައިން ނުބުނެ ގިނައިރުވާން ފެށުމުން އަނެއްކާ ވެސް ޝިޔާރު ވާހަކަދެއްކިއެވެ.
“އަހަންނަށް މާލަސްވީތަ؟ ސިތާރާގެ ދިރިއުޅުމެއް އެހެން ބައިވެރިއަކު އައީތަ؟ އެހެންނަމަ އަހަންނަށް މާފުކުރޭ… އަހަންނަށްވުރެ ރަނގަޅު ބައިވެރިއަކު ސިތާރާއަށް މާ ހައްޤުކަން ބޮޑު… އަހަރެން ބޭނުންވަނީ ސިތާރާ ހިތްހަމަޖެހޭ ދިރިއުޅުމެއް އުޅޭން… އެއީ އަހަންނާ ވަކީން ނަމަވެސް” ޝިޔާރުގެ ހިތަށް ކުރި ފުންއަސަރުތައް ފޮރުވާލުމަށް އޭނާ އިސްޖަހާލިއެވެ. އަދި މޭޒުމަތީގައި އޮތް ބިއްލޫރި ބަރު އަނބުރާލިއެވެ.
“ޝިޔާރަށްފަހު އެއްވެސް ފިރިހެނަކަށް އަހަންނަށް އިތުބާރެއް ނުކުރެވުނު…” ސިތާރާ މިހެން ބުނުމާއެކު ޝިޔާރަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ. އޭނާ ބޭނުންވެގެން ހުރި ޖަވާބު ލިބުނީއެވެ. ސިތާރާގެ ދިރިއުޅުމަށް އޭނާއަށްފަހު އިތުރު ފިރިހެނެއް ނާންނަކަން އެނގުމުން ލިބުނު ހިތްހަމަޖެހުމެއްގެ ބޮޑުކަމުން ހިތާ ހިތާ ޝުކުރުވެރިވިއެވެ. ޝިޔާރު އައިސް ސިތާރާ އިން ގޮނޑިއާ ޖެހިގެން ހުރި ގޮނޑީގައި އިށީނދެއްޖެއެވެ. އަދި ސިތާރާގެ ގޮނޑި އޭނާއާ ދިމާއަށް އަނބުރާލިއެވެ.
“އަހަންނަށް އިތުރު ފުރުޞަތެއް ސިތާރާ ދީފާނަމޭ ބުނޭ… އޭރުން ސިތާރާގެ އިތުބާރު ހޯދުމަށް ކުރާންޖެހުނު ކޮންމެ ކަމެއް އަހަރެން ކުރާނަން، އިރާދަކުރެއްވިއްޔާ ކުރީގެ ވިޔާނުދާ ޝިޔާރުގެ ހިޔަނި ވެސް ސިތާރާއަށް ނުފެންނާނެ… އަހަރެން އެކަމަށް ވަޢުދުވަން… މީހަކަށް އަހަންނޭ ކިޔައިގެން ސިތާރާ ހިތުގައި ޖެހޭވަރު އެއްޗެއް ބުނާކަށް ފުރުޞަތެއް ނުދޭނަން، މިއަދުން ފެށިގެން އަހަންނަކީ ހަމައެކަނި ސިތާރާގެ މިލްކެއް ކަމުގައި ޔަޤީންކުރޭ… ތީ އަހަރެންގެ ސިތޫ… އަހަރެން މިދުނިޔެމަތީން އެންމެ ލޯބިވި ސިތޫ…” ޝިޔާރު މަޑުމަޑުން ސިތާރާގެ އަތްތިލައިގައި ހިފާލިއެވެ. އަދި އިސްޖަހައިގެން އިން ސިތާރާގެ ދަތްދޮޅީގައި ހިފާ އުފުލާލިއެވެ. ހައިރާންކަން ލިބިގެން ދިޔައީ ސިތާރާގެ ކޯތާފަތް ތެމެމުންދާތަން ފެނިއެވެ.
“ސިތޫ ރޮނީތަ؟ އަހަންނަށް މާފުކުރޭ… ސިތޫ ރޯވަރުކަމެއް އަހަރެން ކުރާކަށް ބޭނުމެއްނޫން…” އަވަސްއަވަހަށް ސިތާރާގެ ކޯތާފަތް ފުހެލަ ދެމުން ޝިޔާރު ބުންޏެވެ.
“ޝީޔާރު ކަންތައްކުރިގޮތުން އަހަރެންގެ ނަފްސު ފުނޑުފުނޑުވެގެން ދިޔަ… އަލުން އެފަދަ ބޮޑު ހިތްދަތިކަމަކާ ކުރިމަތިލާނެހާ ހިތްވަރެއް އަހަރެންގެ ނެތް…” ސިތާރާ ބުންޏެވެ.
“އަހަރެން އަދިވެސް ސިތޫދެކެ ވަރަށް ލޯބިވޭ… އަހަރެން ސިތޫއަށް ހިތްދަތިކަމެއް ނުދޭނަންކަން ވަޢުދުވަން…” ސިތާރާގެ ކޯތާފަތުގައި ވައަތްތިލަ ޖައްސާލައިގެން އިނދެ ކަނާތުން ސިތާރާގެ އަތްތިލައަށް ފިތާލަމުން ޝިޔާރު ބުންޏެވެ.
“އެހެންވީރު، އަހަރެންގެ އިތުބާރު ހޯދާ…” ފެންކަޅިވެފައިވާ ދެ ލޮލުން ޝިޔާރަށް ބަލަން އިނދެ ސިތާރާ ބުންޏެވެ. އެއާއެކު ޝިޔާރު ހިނިތުންވެލަމުން ބޯޖަހާލިއެވެ.
އިރުކޮޅަކު ޝިޔާރުއާ ހަތަރުކަޅި ބައްދަލުކޮށްލައިގެން އިނުމަށްފަހު ފުރަތަމަ ނަޒަރު ވަކިކޮށްލީ ސިތާރާއެވެ. ފަހަތަށް ގޮނޑި ކޮށްޕާލުމާއެކު ޝިޔާރުގު އަތުގެ ތެރެއިން އަތް ދަމައިގަނެ ސިތާރާ ތެދުވިއެވެ.
“ދަނީތަ؟” ސިތާރާ ފުރަގަސްދީ ހިނގައިގަންނަން އުޅުމުން ޝިޔާރު އަހާލިއެވެ.
“ޑިއުޓީގަޑިމީ…” ސިތާރާގެ އަޑުގައި މިފަހަރު ނުރުހުމުގެ އަސަރެއް ނެތެވެ. އެކަން ޝިޔާރަށް ފާހަގަވިއެވެ.
“އަހަރެން ފަހުން ގުޅާލިޔަސް އެންމެ ރަނގަޅުތަ؟” ޝިޔާރު މިހެން އަހާލުމުން ފުރަގަސްދީގެން ހުރި ސިތާރާ ބޯޖަހާލިއެވެ. އަދި އަވަސް ފިޔަވަޅުގައި އެ ކެބިންއިން ނުކުމެއްޖެއެވެ.
“ސިތާރައްތާ!..” ޝިޔާރުގެ ކެބިންއިން ހަލުވިކޮށް ނުކުން ސިތާރާ އެހެންލާފައި ދާންވެގެން ދިޔަ ޔަލާއަށް ފެނުނެވެ. ސިތާރާ އަވަސް އަވަހަށް މޫނު ފުހެލާފައި ޔަލާއަށް ބަލާލަމުން ހިނިތުންވެލިއެވެ.
“ވަޓް ހެޕެން… އޯކޭތަ ހުރިހާކަމެއް… ޝިޔާރު އެއްޗެކޭ ކީތަ؟” ސިތާރާގެ މޫނުމަތި ރަތްވެފައި ހުރިކަން ފާހަގަވެ ޔަލާ ސުވާލުކުރިއެވެ.
“އެއްވެސްކަމެއްނުވޭ… ބްރޭކްގަޑި ވެސް ނިމިއްޖެ… ދަނީ އިނގޭ” ސިތާރާ އަވަސްއަރުވާލާފައި ޔަލާގެ ކައިރިން ސަލާމަތްވާން އުޅޭހެން ޔަލާއަށް ހީވިއެވެ. އެހެންނަމަވެސް އޭނާ ހިނިތުންވުމަކުން ފުއްދާލިއެވެ. ފަހުން ސިތާރާއާ އެކަމާ ވާހަކަދައްކާނީއޭ ހިތާއެވެ. ސިތާރާ ހިނގައިގަތުމުން ޔަލާ ވެސް އޭނާ ދާން ބޭނުންވި ދިމާއަށް ހިނގައިގަތެވެ.
އެނދުގައި އޮށޯވެލައިގެން އޮތްގޮތަށް ޒަލަފް އޮތީއެވެ. ކުޑަވަގުތުކޮޅަކަށް އޭނާއަށް ނިދުނު ނަމަވެސް ސިކުނޑީގައިވަނީ ބެހެމަތްއެވެ. އޭނާ ރަޚަބްމެންނަށް އަންގައިގެން ޔަލާއަށް ކަމެއް ނުކުރާނެބާއޭ ޒަލަފްގެ ހިތަށް އަރަނީއެވެ. ކޮންމެ ހާލެއްގައި ވެސް އޭނާ ޔަލާ ސިއްރުކުރާނެއެވެ. އޭނާގެ އެއްވެސް ކަމެއް ރަޚަބްމެންނަށް އެނގުނަކަ ނުދޭނެއެވެ. ނިތްކުރީގައި އަތް ބާއްވާލައިގެން އޮއްވާ ކޮޓަރީގައި މީހަކު ޓަކި ދީފިއެވެ. އެއާއެކު އެތަނަށް ވަނުމުގެ ހުއްދަ ޒަލަފް ދިނެވެ.
“ކީއްވެ ބޭރަށް ނުނިކުމެ ތި އޮންނަނީ” ރަޚަބް ވާހަކަދެއްކިއެވެ.
“ކައިވެނި ނުކުރާގޮތަށް ހަމަޖެހިއްޖެތަ؟” އެނދުގެ އަރިމަތީ އިށީދެގެން އިނދެ ޒަލަފް އަހާލިއެވެ. އޭނާ ރަޚަބްއަށް ބަލާނުލުމުން އަދިވެސް ރުޅީ އަސަރު ފިލާ ނުދަނީކަން ރަޚަބްއަށް ވިސްނުނެވެ. މަޑުމަޑުން އައިސް ޒަލަފްގެ ކައިރީ އެނދުގައި އިށީނެވެ.
“ބައްޕަ ބުނީމެއްނު އެކަމާ ނުވިސްނާށޭ، ދެން ތިހެން ނީނދެ ހިނގާބަލަ ބޭރަށް ނުކެލަން… ހިނގާ ބައްޕައާއެކު ރަށުތެރެ ބަލާލަން” ޒަލަފް ހިތްހަމަޖައްސައިދޭން ރަޚަބް މަސައްކަތްކުރިއެވެ.
“އަހަރެން ބޭނުންވަނީ ދުވަސްކޮޅަކަށް މަންމަގެ ގާތަށް ދާން” ޒަލަފް ބުންޏެވެ.
“ގޮސްލާފައި އަންނަ ގޮތައްތަ؟” ކުޑަދޮރުން ބޭރަށް ނަޒަރު ހުއްޓާލަމުން ރަޚަބް އަހާލިއެވެ.
“އަދި ނޭނގެ… އަހަރެން ބޭނުންތަނެއްގައި އަހަންނަށް ދިރިއުޅެވެން ޖެހޭނެއެއްނު، މަންމައާއި ބައްޕަ ބޭނުންވާ ތަނެއްގައި އަހަރެން ހައްޔަރުވެގެން ހުރުމަކީ އަހަރެންގެ އަމިއްލަ މިނިވަންކަމެއްނޫނެއްނު”
“ޒަރަސް ޤަބޫލެއްނުވާނެ ޒަލަފް އަހަރުމެންނާ ވަކިވެގެން ދާކަށް… އަރީޝާގެ ގާތަށް އޭނާއާ ބައްދަލުކޮށްލަން ޒަލަފްއަށް ދެވިދާނެ، ބައްޕައަށް ކޮށްދެވޭނީ އެވަރު…” ބޭރަށް ނަޒަރު ހުއްޓާލި ގޮތަށް އިނދެ ރަޚަބް ވާހަކަދެއްކިއެވެ. މިފަހަރު އޭނާ ޒަލަފް ރުއްސާ ހިތްހަމަޖައްސައިދޭކަށް ނޫޅުނެވެ.
“އެއީ ކީއްވެ؟ އަހަރެން މިތަނަށް އައީ މުޅި އުމުރު ދުވަހު މިތަނުގައި އުޅޭން ގަސްދުކޮށްގެންނެއްނޫން، މަންމަ ކައިރީ އަހަރެން ބުނިން، ދުވަސްކޮޅަކަށޭ މިދަނީ… އެނބުރި އަންނާނަމޭ… އަހަންނަކީ އަރީޝާގެ ވެސް ދިރިއެއް… އަހަންނަށް އެ މީހުންގެ ގާތަށް ދެވެންޖެހޭނެއެއްނު… އަހަރެން ބޭނުން ދުވަހެއްވަންދެން އަހަރެންގެ މަންމަ ގާތުގައި ހުރެވެންވާނެއެއްނު” ޒަލަފް އެނދުން ތެދުވިއެވެ.
“ޒަލަފްއަކީ ޖިންނިއަކަށްވާއިރު އިންސާނުންގެ ތެރޭގައި ކޮންމެހެން އުޅެނީ ކީއްކުރަން؟ ކުރިން ވެސް ބައްޕަ ބުނީމެއްނު ޒަލަފް ނެތްނަމަވެސް އަރީޝާއަށް ދަރިއަކުނެތްކަމުގެ އުނިކަމެއް އިހުސާސެއްނުވާނެއޭ… ޒަލަފް އެއްފަހަރު ވެސް މި ބައްޕައާ މެދު ވިސްނާލިނަމަ، ބައްޕަ ކައިރީގައި ހަމައެކަނި ގެންގުޅެވެން ހުރީ ޒަލަފް، އެކަމަކު ޒަލަފް ތި ދައްކަނީ މި ބައްޕަ ދޫކޮށްލާފައި ދާ ވާހަކަ… ބައްޕަ ވެސް ބޭނުމެއްނުވޭ މިހާ ދުވަސްކޮށްފައި ބައްޕަގެ ދަރިފުޅު ލިބުމުން ދޫކޮށްލާކަށް” ރަޚަބްގެ ވާހަކަތަކާ ދެކޮޅަށް އެއްޗެއް ބުނަން އުޅެފައި ވެސް ޒަލަފް ނުބުންޏެވެ. އޭނާ އައިސް ކުޑަދޮރުގެ ކައިރީ މަޑުކޮށްލިއެވެ.
“އަހަރެން ބެހެމަތްއާ ކައިވެންޏެއް ނުކުރާނަން… ދުވަހަކު ވެސް ނުކުރާނަން” އިރުކޮޅަކު ހުރުމަށްފަހު ޒަލަފް ބުނެލިއެވެ. ހީވީ އޭނާގެ ނިންމުން ރަޚަބްއަށް އިއްވާލި ހެންނެވެ. އެމީހުން ކިތަންމެ މަޖުބޫރެއް ކުރިޔަސް ޒަލަފްގެ އެ ނިންމުން އޭނާ ބަދަލުނުކުރާނެ ކަމެވެ.
އިރުއޮއްސެން އުޅެނިކޮށް ޒަލަފްގެ ފޯނަށް ޔަލާ ގުޅިއެވެ. އެހެންނަމަވެސް އޭނާ ފޯނަށް ޖަވާބެއް ނުދިނެވެ. ކޯލު ކަނޑާލާފައި ފޯނު ވެސް ނިއްވާލީއެވެ. އަދި ވަށައިގެން ހޯދާލުމާއެކު ގެއިން ބޭރަށް ޒަލަފް ނުކުތެވެ. ހިނގަމުން ހިނގަމުން ފުދޭ ވަރަކަށް ދުރަށް ދެވުމާއެކު ވަށައިގެން އަނެއްކާ ވެސް ހޯދާލިއެވެ. މީހަކު އޭނާއަށް ފާރަނުލާކަން ޔަޤީންވުމާއެކު ޣައިބުވެއްޖެއެވެ. ދެން އޭނާ ހުރީ އަރީޝާމެންގޭ ކުރިމަތީގައެވެ. ހާސްވެފައި ހުރި ފަދަ ގޮތަކަށް ފަހަތަށް ބަލާލުމާއެކު ދަގަނޑު ގޭޓު ހުޅުވާލާފައި އެތެރެއަށް ވަދެގެން އައެވެ.
ފޮތެއް ބަލަން ސޯފާގައި އިން އަބްދުއްރަޢޫފު ސިހިފައި ބަލާލީ ޖިންނިއެއްގެ އިހުސާސް ކުރެވިގެންނެވެ. އޭނާއަށް ސޯފާއިން ތެދުވެވުނު އިރު ގޭތެރެއަށް ޒަލަފް އައިސް ވަންނަނީއެވެ. ހަމަޖެހުމުގެ ނޭވާއެއް ލަމުން އަބްދުއްރަޢޫފު އިށީނެވެ. ޒަލަފް އައިސް ހަމަޖެހޭކަން ދައްކާލަމުން އަބްދުއްރަޢޫފަށް ހިނިތުންވެލިއެވެ. އަދި އަރީޝާ ކޮބައިތޯ އަހާލިއެވެ. އޭރު ކަޅުސައިތަށްޓެއް ހިފައިގެން އަރީޝާ ބަދިގެފަރާތުން ނުކުންނަނީއެވެ.
“ޒާލް… ކޮންއިރަކު ދަރިފުޅު އައީ… އެއްޗެއް ކާނަންތަ؟ ސައިތަށްޓެއް ބޭނުންތަ؟” އަރީޝާއަށް ޒަލަފް ފެނުމާއެކު ވާހަކަދެއްކިއެވެ. އޭނާ އައިސް އަބްދުއްރަޢޫފަށް ސައިތަށިދިއްކޮށްލިއެވެ.
“ދެންމެ މިއައީ… މަންމަ ގާތަށް މިއައީ…” ޒަލަފް މާނަ ކުރީ ކިހިނެއްކަމެއް އަރީޝާއަކަށް ނޭނގެއެވެ. އެހެންނަމަވެސް އޭނާ ހިނިތުންވެލިއެވެ.
“ޒާލިފު އެބައުޅޭތަ؟” ޒަލަފް އަހާލިއެވެ.
“މޫދަށް ގޮސްވީ… މިހާރު އަންނަން އުޅޭނެ…” އަބްދުއްރަޢޫފަށް ބަލާލަފައި އަރީޝާ ބުންޏެވެ.
“އަހަރެން ކޮޓަރިއަށް މިދަނީ… ކުޑަކޮށް ބޮލުގައި ރިއްސާތީ…” ޒަލަފް މިހެންބުނެ ހިނގައިގަތީ އޭނާގެ ކޮޓަރިއަށް ވަނުމަށެވެ.
“ބައެއްފަހަރު ހިތަށް އަރާ އެ ދަރިއަކީ ޖިންނިއެއްނޫނޭ އިންސާނެކޭ ވެސް… އިންސާނުން އުޅޭ ގޮތަށް އޭނާ އަދިވެސް އެ އުޅެނީ” ލޮލުކޮޅަށް ޒަލަފް ގެއްލުމުން އަބްދުއްރަޢޫފު އިނދެފައި ބުންޏެވެ. އެ ބުނުމުން އަރީޝާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. ނަމަވެސް ކުޑަހިނދުކޮޅެއްގެ ތެރޭ އެ ހިނިތުންވުން ގެއްލިއްޖެއެވެ.
“ހަޤީޤަތަކީ އޭނާ އިންސާނަކަށް ވާން ބޭނުންވިޔަސް އިންސާނަކަށް ނުވާކަން…” ހިތްދަތި ގޮތަކަށް އަރީޝާ ބުންޏެވެ.
ކޮޓަރިއަށް ވަދެ އެނދުގައި ޒަލަފް އޮށޯވެލައިގެން އޮތެވެ. ރަޚަބްމެންނަށް އޭނާ ނެތްކަން އެނގުމުން އެ މީހުން ދެން ކަންތައްކުރާނެ ގޮތަކާ މެދު ޒަލަފް ކަންބޮޑުވެ ހާސްވެފައި އޮތެވެ.
ތަފާތު ފިކުރުތަކުން ސިކުނޑި ބަރުވެފައިވާއިރު ޒަލަފް ދެ ލޯ މަރާލައިގެން އޮތެވެ. އެހެން އޮއްވާ މީހަކު އެ ކޮޓަރިއަށް ވަންނަން އަންނަކަން އެނގި ބަލާލިއެވެ. ކިރިޔާ އަޑެއް އިވުނަސް ނޫނީ ފަރާތަކުން ހިލަމެއް ވެލިޔަސް ޒަލަފް އޮންނަނީ އެކަމަކަށް ސަމާލުވެއެވެ.
“ކިހިނެއްވެފައި ތި އިނީ…” ދޮރުން އެތެރެއަށް ވަން ޒާލިފު އަހާލިއެވެ. އެއާއެކު ޒަލަފް ނިކަން އަވަހަށް އަތުން އިޝާރާތްކޮށްލީ ދޮރުލައްޕާފައި އޭނާގެ ގާތަށް އައުމަށެވެ.
“އަހަރެން މަންމަ ކައިރިއަށް އެއްކޮށް މިއައީ… ދެން އެނބުރި ބައްޕަ، ރަޚަބް ގާތަށް ނުދާގޮތަށް” ނިކަން އަވަސް އަރުވާލާފައި އެހެންނަމަވެސް ސިއްރުން ޒަލަފް ވާހަކަދެއްކިއެވެ.
“ދުވަހަކު ވެސް ނުދާގޮތައްތަ؟ ކަމަކާ ހިތްހަމަނުޖެހުނީތަ؟” ހައިރާންވެފައި ޒާލިފު އަހާލިއެވެ. ތެތް އިސްތަށިގަނޑާއި ހަމައެކަނި ސޯޓުބުރިއެއްގައި އޭނާ އިން ގޮތުން އެ އައީ ފެންވަރައިގެން ގިނައިރެއް ނުވަނީސްކަން ޒަލަފްއަށް އެނގުނެވެ.
“އަހަރެންގެ ހުރިހާ ވާހަކައެއް ޒާލްއަށް ކިޔައިދެން… މި ވާހަކަ ވެސް އަހަރެން ކިޔައިދިނުމުން ސިއްރުކޮށްދޭންވާނެ…” ހާސްވެފައި އިން ޒަލަފް ބުންޏެވެ. އެއާއެކު ޒާލިފު ވެސް އެއްފައި އެނދުމައްޗަށް އަރުވާލުމާއެކު ޒަލަފްއާ ދިމާއަށް އެނބުރި އޭނާއަށް ސަމާލުކަން ހުއްޓާލިއެވެ.
“އެމީހުން އުޅެނީ އެމީހުންގެ ތެރެއިން އަންހެނަކާ ކައިވެނިކުރުވަންވެގެން… އަހަރެން ލޯބިވަނީ ޔަލާދެކެ… ކިހިނެއް އެމީހުންގެ ތެރެއިން އަންހެނަކާ އަހަރެން ކައިވެނި ކުރާނީ… ރަޚަބްއާއި ކާފަ، ޒަރަސް އުޅެނީ އެމީހުންގެ ގާތުގައި މުޅި އުމުރަށް އަހަރެން ބަހައްޓަންވެގެން… އެކަމަކު މިހާރު އަހަރެން ބޭނުންވަނީ މަންމަގެ ގާތުގައި ހުންނަން… ޒާލިފު، އެމީހުން އުޅޭ ގޮތަށް އުޅޭކަށް އަހަރެން ބޭނުމެއްނޫން… ރަޚަބް އަހަންނަށް ކިތަންމެ ރަނގަޅު ނަމަވެސް އެމީހުންގެ މައްޗަށް ރަޚަބްގެ އެއްވެސް ބާރެއް ނޯވޭ… އަހަރެން އެ ކައިވެންޏާ ނުގަބޫލުކަން މިހާރު ރަޚަބްއަށް އެނގޭނެ، އެކަމަކު ރަޚަބްއަށް އެ ކައިވެނި ހުއްޓުވާކަށް ނުކެރުނު… އޭގެ ބަދަލުގައި ރަޚަބް ވެސް އުޅެނީ އަހަރެން އެތަނުގައި ހައްޔަރުކުރާން… އަހަރެން… އަހަރެން މިއައީ އެ މީހުންނަށް ފިލައިގެން…” ޒަލަފް ވާހަކަދައްކަމުން އިން ތަނުން ތެދުވެ ކޮޓަރިތެރޭ ދެކޮޅަށް ހިނގާލިއެވެ.
“ކިހިނެއް ތި ހެދީ… އެ މީހުން ޒަލަފް ހޯދަން އަންނާނެ… އަވަހަށް ހިނގާ މަންމަ ގާތުގައި ތި ވާހަކަ ބުނަން، ބައްޕަ ވެސް ގޭގައި އިން ވަގުތެއްނު މީ… ހިނގާ ބައްޕައަށް ތި ހުރިހާ ވާހަކައެއް ކިޔައިދޭން… ބައްޕައަށް އެނގޭނެ ޒަލަފް ރައްކާތެރިކުރާނެ ގޮތް…” ޒަލަފްގެ ކަންބޮޑުވުން ފެނި އެކަމާ ހާސްވެފައި އިނދެ ޒާލިފު ބުންޏެވެ.
“އޭރުން ކަމަކު ނުދާނެ… ޒާލިފަށް އަދި ނޭނގެނީ… އަހަރެން ކުރިން މަންމަގެ ގާތަށް އައިސް ޔަލާގެ ވާހަކަދެއްކިން… އަހަރެން އެ އަންހެންކުއްޖާދެކެ ލޯބިވާކަމާއި އޭނާއާއެކު ދިރިއުޅުމެއް ފަށަން ބޭނުންވާކަން ހާމަކުރިން، ފާޅުގައި އެކަމާ މަންމަ ދެކޮޅު ހެދީ… ބުނީ އަހަންނަށް ޔަލާއާ ކައިވެންޏެއް ނުކުރެވޭނެއޭ… ރަޚަބް ކުރި ކަހަލަ ކަމެއް ކުރަން ނޫޅޭށޯ… ޖިންނިއަކާއި އިންސާނަކާ ގުޅިގެން ނޫޅެވޭނެއޯ… ރަޚަބްމެން ވެސް ބުނަނީ ހަމައެހެން…” ބޯ ހާސްވެ ގޮތް ހުސްވެފައިވާ މީހަކު ފަދައިން ޒަލަފް އޭނާގެ ކޮއްކޮ ޒާލިފަށް ބަލާލިއެވެ.
“ކޮންމެވެސް ގޮތެއް ފެންނާނެ… ތިހާ ވަރަށް ހާސްނުވޭ، ފަހަރެއްގައި މަންމަ ގާތަށް އައުމުން އެމީހުން އަޅާނުލާ ވެސް ތިބެދާނެ، ބައްޕަ ހުއްޓާ މިގޭތެރެއަށް ގަދަކޮށްލާކަށް ނުކެރޭނެ… އިހަށް ބަލަންވީ އެމީހުންގެ ކައިރިން ޒަލަފްއަށް މިނިވަންވެވޭތޯ…” ޒާލިފަށް ހަދާނޭ ގޮތެއް ނޭނގުނެއްކަމަކު ޒަލަފްއަށް ހިތްވަރު ދިނެވެ.
“ކީއްވެތަ އަހަރެން އިންސާނަކަށްނުވީ، އަހަރެން ވެސް އުފަންވީ ޒާލިފު އުފަން ކުރުވި މަންމަގެ ބަނޑުން، ބައެއްފަހަރަށް އަހަރެން… އަހަރެން ހަސަދަވެރިވޭ ޒާލިފަށް ލިބިފައިވާ މިނިކަން ފެނިފައި… އެއްވެސް ބަންދުވުމެއް ހިފެހެއްޓުމެއް ޒާލިފަށް ނުވޭ…” ކުޑަދޮރުގެ ކައިރީ މަޑުކޮށްލުމާއެކު ޒަލަފް އޭނާގެ ނިތްކިރު ކުޑަދޮރުގެ އަރިމަތީ ދާރާގައި ޖައްސާލިއެވެ.
“ޒަލަފް… މިވަގުތު ތިޔަކަހަލަ އެއްޗެހި ހިތަށް ނާރުވާ… ތިފަދަ ޚިޔާލުތަކުން ޒަލަފްގެ އަޒުމް ބަލިކަށިވާކަށް އަހަރެން ނޭދެން، މީ ހިތްވަރާއެކު ހުރިހާ ކަމަކާ ކުރިމަތިލާންވީ ވަގުތު… އެކަކަށް ވެސް ޒަލަފްގެ މިނިވަންކަމާ ބެހެވިގެން ނުވާނެ، ޒަލަފް ބޭނުންވާ ފަދަ ދިރިއުޅުމެއް ލިބުން އަހަރެންގެ އެދުމަކީ… ހިތަށް އެރީ ޒަލަފްއަކީ ޖިންނިއެކޭ ބުނެ ރަޚަބްގެ ގާތަށް ދެވުމުން ޒަލަފް ބޭނުންވާ ފަދަ މިނިވަންކަން ލިބޭނެއޭ… ޒަލަފް، އަހަރެން އަބަދުވެސް ހުންނާނީ ޒަލަފްއާއެކު… ޒަލަފްގެ ކޮންމެ ނިންމުމަކަށް އަހަރެން އެއްބާރުލުން ދޭނަން، ދެން ތިހާ ނާއުންމީދުނުވޭ…” ޒަލަފްގެ ފަހަތުގައި އައިސް މަޑުކޮށްލި ޒާލިފު އޭނާގެ ކޮނޑުގައި ކަނާތް ބާއްވާލުމާއެކު ވާހަކަދެއްކިއެވެ.
އަބްދުއްރަޢޫފު މަޣްރިބު ނަމާދަށް ދިއުމަށް ގެއިން ނުކުމެގެން ދިއުމާއެކު އަރީޝާ އޭނާގެ ދެ ދަރިންނަށް ގޮވާލިއެވެ. އެއަޑަށް ޒަލަފްގެ ކޮޓަރީގައި ތިބެފައި ޒަލަފްއާއި ޒާލިފު ކޮޓަރީގެ ދޮރުހުޅުވާލާ ބޭރަށް ބޯދިއްކޮށްލިއެވެ. ސިޑީގެ އެންމެ ތިރީ ހަރުފަތް ކައިރީ މަޑުކޮށްލައިގެން ހުރި އަރީޝާ އެ ދެބެންނަށް އެންގީ އައުމަށެވެ.
“ކިހިނެއްވީ މަންމާ” ޒާލިފު އަވަހަށް އަހާލިއެވެ.
“ކޮބާ ނަމާދަށް އަރާކަށް ނުވޭތަ؟” އަރީޝާ މިހެން ބުނިއިރު އޭނާގެ ނަޒަރު ހުރީ ޒަލަފްއަށް ހުއްޓިފައެވެ. އެންމެފަހުން އޭނާއާ އެ ދަރިފުޅު ދިމާވިއިރު އައިސްފައި ހުރި ބޮޑު ބަދަލު އަރީޝާއަށް ވަނީ ފާހަގަވެފައެވެ. އެހެންވެ އޭނާ ޒަލަފްގެ ކިބައިން ކަމެއް ދެނެގަންނަން ބޭނުންވެފައި ހުރި ކަހަލައެވެ.
“މިދަނީ ނަމާދުކޮށްލަން” ޒާލިފު ބުންޏެވެ. ނަމަވެސް ޒަލަފް އަނގައިން ނުބުނެ ހުރި ގޮތަށް ހުރީއެވެ.
“ޒާލިފަށް އެނގޭތަ؟ އަހަރެން ބޮޑުވެގެން އައިއިރު މަންމަ އަބަދުވެސް ނަމާދުކޮށް ޤުރުވާން ކިޔަވާ، އަހަރުމެންނަށް ވެސް އެކަން ދަސްކޮށްދިން… އެކަމަކު ރަޚަބްމެންގެ ތެރެއިން އަހަރެން ދުވަހަކުވެސް އެ ފަދަ މަންޒަރެއް ނުދެކެން… އެމީހުންނަކީ ކާފަރުން ލޯބިކުރާ ކަންކަމަށް އިސްކަންދޭ ބައެއް… އެމީހުން ކަލާނގެއެއް ވާކަމަށް ޤަބޫލުކުރާހެނެއް ހިޔެއްނުވޭ…”
“ޒަލަފް… މަންމަ އެ ހަނދާންކޮށްދިނީ ވަރަށް މުހިންމުކަމެއް… ރަޚަބްމެންނަކީ ތިބުނާ ގޮތަށް އުޅޭ ބައެއް ކަމަށް ވަންޏާ އެ މީހުންގެ ކައިރިން ސަލާމަތްވާނޭ ގޮތަކީ މަންމަ ދަސްކޮށްދިން ކަންތައްތަކުގައި ދެމިހުރުން… އޭރުން އެ މީހުންގެ ބާރެއް ނުފޯރާނެ” ޒާލިފު ވަރަށް ޔަޤީންކަމާއެކު ނިކަން އަވަހަށް ބުނެލިއެވެ.
ޒަލަފްގެ ގާތުގައި އެދިގެން އޭނާ ގޮވައިގެން ނަމާދަށް އެރިއެވެ. ނަމާދުން ފޭބިއިރު ޒަލަފްގެ ބޮލަށް ލިބިފައިވާ ބަރުކަން ލުއިވެ ޚިޔާލުތަކާ ދުރަށް ދެވިފައިވާކަން އިހުސާސް ކުރެވުނެވެ. ސިޓިންރޫމުގައި އަރީޝާ ޤުރުއާން ކިޔަވާން އިން އިރު އެ އަޑު އިވޭހާ ކައިރީ ސޯފާގައި ޒާލިފާއި ޒަލަފް ތިއްބެވެ. އެހެން ތިބިއިރު ދެބެން އެކަކު އަނެކަކާ ސިއްރު ވާހަކަތަކެއް ދެއްކިއެވެ.
އިޝާ ނަމާދުން ފައިބައިގެން ގެއަށް އައި އަބްދުއްރަޢޫފުގެ ހަށިގަނޑަށް ބާރު ވައިރޯޅިއެއްގެ އިހުސާސް ކުރެވިގެން ދިޔައެވެ. ހީވީ ކުރިއަށް ދިޔަ ނުދީ މޭގައި އަޅާ ފަހަތަށް ކޮއްޕާލަން މަސައްކަތް ކުރި ހެންނެވެ. ފަތްތަކުން ވެސް އާދަޔާ ޚިލާފު “ޒޫން” އަޑެއް ހަރުލާފައި ހުއްޓެވެ. ވަށައިގެންވާ މާހައުލަށް އަބްދުއްރަޢޫފުގެ ލޯ ހުޅުވޭކަށް ގިނައިރެއް ނުނަގައެވެ. އޭނާ ހަރުކޮށް ފިޔަވަޅު އަޅަމުން ދިޔައިރު ދުޢާއެއް ކިޔާ އޭނާއަށް ބޯއަނބުރާލެވޭ ކޮންމެ ދިމާއަކަށް ކުޅުބުރާނޭހެން ފުމެމުން ދިޔައެވެ. އެއަށްފަހު ކިރިޔާ އަޑު ނުކުންނަ ވަރަށް ތަކުބީރު ކިޔަން ފެށިއެވެ. އެހިނދު ޖެހެމުންދިޔަ ބާރުވައިރޯޅި އޮބެން ފަށައިފިއެވެ. ގެއާ ހަމައަށް އަންނަންވިއިރު އެއްވެސް އުނދަގުލެއް ނެތެވެ. އެހެންނަމަވެސް އަބްދުއްރަޢޫފު ތަކުބީރު ކިޔުން ހުއްޓައެއް ނުލައެވެ. ހަމައެއާއެކު އޭނާ ހުރީ ކަމެއް ދިމާވެދާނޭތީވެ ކަންބޮޑުވެފައެވެ.
އަބްދުއްރަޢޫފު ގޭތެރެއަށް ވަދެގެން އައިތަން ފެނުމާއެކު އަރީޝާ ހަތިމު ލައްޕާލީ ކިޔެވުން އެ ވަގުތަށް ނިންމާލާފައެވެ. އަބްދުއްރަޢޫފަށް ކަމެއް ދިމާވެފައި ހުރިކަމެއް އޭނާގެ ހަރަކާތަކުން ނޭނގެއެވެ. އެތެރެއަށް ވަދެގެން އައިސް ހިނިތުންވެލާފައި ޒަލަފްއާއި ޒާލިފާ ވާހަކަދައްކަމުން ސޯފާގައި އިށީނެވެ. އަރީޝާ ތެދުވެގެން ހިނގައިގަތީ ރޭގަނޑުގެ ކެއުން ތައްޔާރު ކުރުމަށެވެ.
ރޭގަނޑުގެ ކެއުން ކުރިއަށް ގެންދަން އިން ޒަލަފްއަށް އޭނާގެ ސިކުނޑިއަށް މީހަކު ނުފޫޒުފޯރުވާހެން ހީވާންފެށިއެވެ. ނިތްކުރިއާއެކު ބޮލުގައި ފިރުމާލުމުން ވެސް އޭނާއަށް ވަމުން ދިޔަ އުނދަގޫ ފިލައިގެނެއް ނުދިޔައެވެ. އެހެންނަމަވެސް އޭނާ ހިމޭނުން އިނީ ޢާއިލާގެ ދެންތިބި މެންބަރުން ހާސްކުރުވަން ބޭނުންނުވާތީއެވެ. އެހެންމީހުންނަށް ނޭނގޭ ބާރަކާ ޒަލަފް ދެކޮޅު ހަދަމުން ދަނިކޮށް ކުއްލިއަކަށް ރަޚަބްގެ އަޑު ކަންފަތުގައި ޖެހުނެވެ. ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައި ހުރި އިރު އޭނާ އަމުރު ކުރީ ހަމަމިހާރު މިވަގުތު ޒަލަފް އޭނާގެ ގާތަށް އައުމަށެވެ. އަރީޝާމެންގެ ތެރޭގައި އިނދެފައި ވާހަކަދައްކަން ފަށައިފިނަމަ ކަމެއް ގޯސްވެގެން އުޅޭކަން އެނގިދާނެތީވެ ޒަލަފް ކެއުން ނިންމާލީ ކަމުގައި ބުނެ ތެދުވެގެން ދިޔައެވެ.
ކޮޓަރިއަށް ވަދެ ކުޑަދޮރުން ގޭޓާ ދިމާއަށް ބަލާލިއިރު ރަޚަބްއާއި މެލްފަސްގެ އިތުރުން ބޮޑުބިޔަ ދެ މީހުން އެ މީހުންގެ ފަހަތުގައި ތިއްބެވެ. ރަޚަބްމެންނާ އެ ދެމީހުން ތިބިގޮތް މުޅީން ތަފާތެވެ. އެ ދެމީހުންގެ މޫނު ވަނީ ފޮތިގަނޑަކުން ނިވާ ކުރެވިފައެވެ. ހަށިގަނޑުގައި ހީވަނީ ހަމުގެ ބަދަލުގައި ހަރުފަ ތޮށިގަނޑެއް ލެވިފައިވާހެނެވެ. އުނުގައި އޮތީ ކުޑަފޮތިކޮޅެކެވެ. ހަތަރެސްފައި ބޮޑެތި ތަނބުހާ ވަރުގަދައެވެ.
“އަހަރެން ބޭނުންވަނީ މަންމަ ކައިރީ މަޑުކުރަން” ޖެހިލުންވާފަދަ ގޮތެއް ޒަލަފްއަށް ވެފައި ފަހަތަށް ޖެހިލެވުނެއްކަމަކު އޭނާގެ ބަސް ރަޚަބްއަށް އިއްވާލިއެވެ.
“ކީއްވެތަ ތިތަނުގައި ފިލާ ހުރެގެން ތި ވާހަކަދައްކަނީ… ޒަލަފްއާ ބައްދަލުކުރަން އައިސް ހުރީ ދުރުމީހެއްނޫނޭ… އެއީ ޒަލަފްގެ ބައްޕަ… ނިކަން ތި ހުރި ތަނަކުން ނުކުމެގެން އައިސް އޭނާއާ ކުރިމަތިލާބަލަ…” މެލްފަސް ވާހަކަދެއްކި ގޮތުން އޭނާ ވެސް ހުރީ ނުރުހިފައިކަން ޒަލަފްއަށް އެނގުނެވެ.
“ބައްޕާ… ހެޔޮނުވާނެ… އަހަރެން ބޭނުންވާ ގޮތަކަށް އުޅޭން ދޫކޮށްލަބަލަ…” ޒަލަފް ނުކެރިފައި ހުރެ ވެސް ބުނެލިއެވެ. އޭރު އޭނާއާ ދިމާއަށް ރަޚަބް ބަލަހައްޓައިގެން ހުރިއިރު އެ މީހުންނަށް ޒަލަފް ހުރީ ކޮންތާކުކަން ރަނގަޅަށް ވެސް އެނގޭކަން އެނގުނެވެ.
“ޒަލަފްއަށް އަހަންނާ ބައްދަލުކުރާން ވެސް ނާދެވެނީތަ؟ އަރީޝާ އެކަމަށް ވެސް ހުރަސް އަޅަނީތަ؟ ޒަލަފްއާ އަހަރުމެންނާ އޮތް ގުޅުން ނޭނގިގެންތަ ތިހެން ތި އުޅެނީ” ރަޚަބް ވާހަކަދެއްކީ ސީދާ ޒަލަފް ފެންނަން ހުރި ކުޑަދޮރާ ދިމާއަށް ބަލަހައްޓައިގެން ހުރެއެވެ. ދެ ބައިމީހުން ވެސް ވާހަކަދައްކަމުން ދިޔައިރު ރަޚަބްއާއި މެލްފަސްގެ އަނގަ ހަރަކާތެއް ނުކުރެއެވެ. އެހެންނަމަވެސް ޒަލަފް ވާހަކަދައްކަމުން ދިޔައީ އިންސާނުން ވާހަކަދައްކާ އުސޫލުންނެވެ.
“ޒަލަފް ތިކުރީ ކޮށްގެން ނުވާނޭކަމެއް… ޖިންނިއަކަށްވެ ހުރެ އިންސާނުންނާއެކު ދިރިއުޅެން ތި ނިންމަނީ… ޒަރަސްގެ ސަމާލުކަން މިކަމަށް ލިބިއްޖެއްޔާ ބޮޑު ހަނގުރާމައެއް ފެށޭނެ… ބަޔަކު މަރުވެގެން ދާނެ… ލޭއޮހުރުވުންގަނޑެއް ހިނގައިގެން ދާނެ… ޒަލަފް، ބައްޕަ ވެސް އާދޭސް މިކުރަނީ… އެނބުރި އާދޭ ބައްޕައާއެކު… އެ އިންސާނުން އެ މީހުންގެ ދިރިއުޅުމާއިގެން އުޅުމަށް ދޫކޮށްލާ… މަންމަ ދުށުމަށް އައިސްލާފައި ދާން ހުއްދަދެވިދާނެ، އެއީ ޒަލަފްގެ މަންމައަށްވީމާ އަހަރެން ޒަލަފްއަށް ދޭ ހުއްދައެއް… އޭގެ މާނައަކީ އަހަރުމެންގެ ތެރޭ އެންމެން އަރީޝާއާ މެދު އެ ގޮތަށް ދުށުމެކޭ ނޫން… ޒަލަފް… ތީ ވިސްނުންތޫނު ކުއްޖެއް… ސިކުނޑީގެ ބޭނުން މިވަގުތު ހިފާބަލަ… އަރީޝާއާއި ދެންތިބި މީހުންނަށް ގެއްލުމެއް ކުރިމަތިވާން ބޭނުންނުވާނަމަ ބައްޕައާއެކު ދާން އާދޭ” ރަޚަބް ބޭނުންވިޔަސް އޭނާއަށް މަޑުމައިތިރިކަމާއެކު ނުބުނެވުނެވެ. ޚުދު އޭނާ ވެސް ހާސްވެ ކަންބޮޑުވެފައި ހުރި ކަހަލައެވެ.
“އަހަންނަށް ދެތިން ދުވަސްދީ… އިހަށް ބައްޕަ ދޭ….” އަނގައިން ނުބުނެ ހުރެފައި ޒަލަފް ބުނެލިއެވެ.
“މައްސަލައެއްނެތް… ޒަލަފްއަށް ތިން ދުވަސް ދީފިން، އަމިއްލައަށް ފެނިގެން ނައިސްފިނަމަ އަހަންނަށް ޖެހޭނީ ޒަރަސްއަށް ހުރިހާ ވާހަކައެއް ކިޔައިދޭން، އެއަށްފަހު އަހަންނަށް ބުނާކަށް ނޭނގޭ ޒަލަފްއާ ކުރިމަތިވާނީ ކޮންކަހަލަ ކަންތައްގަނޑެއްކަމެއް… އޭރުން ގަދަކަމުން ވިޔަސް ޒަލަފް އަހަރުމެންގެ ތެރެއަށް ގެނެވޭނެކަން ޔަޤީން… އަހަރެން ބޭނުމެއްނޫން ތި ދަރިފުޅަށް އަނިޔާއެއް ލިބޭކަށް، އަދި އަރީޝާއަށާއި ދެން ހުރި ދަރިފުޅަށް ވެސް” ރަޚަބް މިހެން ބުނުމާއެކު ގެއްލިއްޖެއެވެ.
ދެ މަފިރިން ބަދިގެ ފަރާތުގައި އެކަނިވުމާއެކު އަބްދުއްރަޢޫފު ވާހަކަދައްކަން ފެށިއެވެ. އޭރު އަރީޝާ ތަށިތައް ނެގުމަށް އުޅެއެވެ.
“މިރޭ ވަރަށް ވަރުގަދަ ކަމަކާ ދިމާވެއްޖެ… އަހަންނަށް ޔަޤީން އެއީ އެންމެ ޖިންނިއެއްގެ ކަމެއްނޫންކަން، ބާރު ވެސް ގަދަ ބައެއް އަހަންނާ ދިމާ ކުރީ…” އަބްދުއްރަޢޫފަށް މިހެން ބުނެވުނުތަނާހެން އަރީޝާ އޭނާއަށް ބަލާލީ ބިރުގެންފައި ހުރި މީހަކު ފަދައިންނެވެ.
“އެއީ ކީއްވެ ދިމާވިކަމެއް” އަބްދުއްރަޢޫފަށް ބަލަން ހުރި އަރީޝާ އަހާލިއެވެ. އޭރު އޭނާގެ އަތުގައި މޭޒުމަތިން ނެގި ކުޅިމަސް ބޯތަށި އޮތެވެ.
“އަހަންނަކަށް ވެސް ނޭނގެ… ބަލަން ޖެހޭނީ ކިހިނެއްވެގެންކަން މިއުޅެނީ… އިހަށް ތި ބޯތަށި ތަނެއްގައި ބަހައްޓަބަލަ… އެހެންނޫނީ އަހަންނަށް އެއްޗެއް ބުނެވޭތަނުން އަރީޝާ މާބޮޑަށް ސިހި ތި ތަށި ތަޅައިގެން ހިނގައިދާނެ” އަބްދުއްރަޢޫފު މިހެން ބުނުމާއެކު އަރީޝާ އަލުން އޭނާ ކުރަމުން ދިޔަ މަސައްކަތަށް އެނބުރުނެވެ.
“އަހަރެން ހިތަށް އަރަނީ ޒަލަފްއާ ތިކަމާ ގުޅުމެއްވެދާނެބާއޭ… އެ ކުއްޖާ ވެސް ކުއްލިއަކަށް ގެއަށް އެ އައީ… އެ މީހުން އޭނާ އަންނަން ޤަބޫލުވޭބާއޭ ވެސް ހިތަށް އަރާ” ތަށިތައް ދޮންނަން ހުރި އަރީޝާގެ ހިތަށް ޒަލަފް އެނބުރި އައީއްސުރެން އަރަމުން ދިޔަ އެއްޗެހި އަބްދުއްރަޢޫފާ ޚިއްޞާ ކުރިއެވެ.
“ތިކަމަށް ވެސް އެއްޗެއް ބުނާކަށް ހަމަ ނޭނގޭ” ވިސްނަން އިން އަބްދުއްރަޢޫފު ބުންޏެވެ.
“ބޮޑުކަމެއް ލައިނުގަންނަނީސް އަހަންނަށް ފެންނަނީ ރައްކާތެރިކަމުގެ ފިޔަވަޅެއް އަޅަން” އަތާއި އެއްވަރަށް އަރީޝާގެ ދޫ ވެސް ހަރަކާތްކުރިއެވެ. އަބްދުއްރާޢޫފު އެއްޗެއް ނުބުނެ ހިމޭނުން އިނެވެ. ހީވަނީ އޭނާ ކޮންމެވެސް ކަމަކާ ވިސްނަނީ ހެންނެވެ.
ކާމޭޒު ދޮށުގައި އިނދެ އިރުއިރުކޮޅާ ޞާބިރާގެ މުނަށް ޔަލާ ބަލާލައެވެ. އެ މީހުންގެ އިތުރުން އެތަނުގައި އިން ލުހާގެ ނަޒަރު ވެސް ޞާބިރާއާއި ޔަލާއަށް ހުއްޓެމުން ދިޔައެވެ. ނާހަން އިނދެފައި ވެސް ޞާބިރާއަށް އޭނާގެ ދެ އަންހެން ދަރީންގެ ހަރަކާތްތައް ހުރި ގޮތުން މަޑަކުން ނީނދެވުނެވެ.
“ހޫނ! ދެން ބުނެބަލަ….” ޞާބިރާ ވަކިވަކިން ލުހާއާއި ޔަލާއަށް ބަލާލިއެވެ. އެއާއެކު ލުހާ ހީނގަނެއްޖެއެވެ.
“ކީކޭތަ ބުނަންވީ” ޔަލާ މާ ނޫންގޮތަކަށް ބުންޏެވެ. އެއާއެކު ޞާބިރާގެ ގާތަށް ވެސް ހިނިއަންނަ ގޮތް ވެއްޖެއެވެ.
“މަންމަގެ ދަރީންގެ ގޮތް މަންމަ ނޫން މީހަކަށް އަޅެ ފަހެ އެނގޭނެތަ… މިތާ ކާން އިށީނީސުރެން ކަލޭމެން ދެބެން ތި ތިބެނީ އަހަންނަށް ބަލާލަބަލާލާ… ކޮންމެވެސް އެއްޗެކޭ ބުނަން ނުކެރިގެންކަން އެނގޭ ތިއުޅެނީ… ދެން ބުނެބަލަ… މަންމަ މި އިނީ އަޑުއަހަން”
“އަހަރެން… ކުއްޖަކާ… ރައްޓެހިވެއްޖައިން…” ނުކެރިފައި އިނދެ ޔަލާ ބުންޏެވެ.
“މަންމައަށް ތިހެން ހީވާތާ ދުވަސްކޮޅެއްވެއްޖެ… ޔަލާ ބުނަންދެން މަޑުކޮށްލީ… އެއީ ކޮންކުއްޖެއްތަ؟” ހިނިއައިސްފައި އިން ޞާބިރާގެ ވާހަކަ ނިމުނުތަނާހެން ލުހާގެ އަނގަ ފަޅައިފިއެވެ.
“އޯ މަންމާ، ސަޅި ކުއްޖަކާ ޔާލް ރައްޓެހިވެގެން އުޅެނީ…”
“ލުހާ…” ޔަލާ ހިތްހަމަނުޖެހޭ ގޮތް ދައްކާލިއެވެ. ނަމަވެސް ލުހާއާއި ޞާބިރާ ފެށީ ހޭށެވެ.
“ހޮސްޕިޓަލުގައި އުޅޭ ކުއްޖާތަ؟” ޞާބިރާ ވެސް މަޑުން ނީނދެ އަހާލިއެވެ. އޭނާގެ ޚިޔާލު ހުރީ ރީހާންއާއި ޔަލާގެ ޖޯޑަށް ވިއްޔާއެވެ.
“ނޫން މަންމާ، އެއަރޕޯޓުގައި އުޅޭ ކުއްޖެއް” މިފަހަރު ވެސް ޔަލާއަށް އެއްޗެއް ނުބުނެވިގެން އުޅެނިކޮށް ވާހަކަދެއްކީ ލުހާއެވެ.
“ލުހާ އިހަށް މަޑުން އިނދެބެލަ، ޔަލާއޭ މަންމައަށް ކިޔައިދޭނީ” ހިނިއައިސްފައި އިދެ ޞާބިރާ ބުންޏެވެ.
“މަންމަ ތިބުނަނީ ރީހާންގެ ވާހަކަ…. އެއީ އަހަރެންގެ ރައްޓެއްސެއް…” ޔަލާ ލަދުން އިނދެ ވާހަކަދެއްކިއެވެ.
“އެހެންވީރު މަންމައަށް މިފަހަރު ހީކުރެވުނީ މުޅިން ގޯސްކޮށް… ކޮންނަމެއްކިޔާ ކުއްޖެއްތަ އެއީ” ޞާބިރާ އަހާލިއެވެ.
“ޒާލް ކިޔަނީ… މިރަށު ކުއްޖެއް… ވަރަށް ރަނގަޅުވާނެ… އެހާ ނަންމަޝްހޫރު ލިބޭ ޢާއިލާއެއްގެ ކުއްޖެއްނޫން، އެކަމަކު އާދައިގެ ދިރިއުޅުމެއް އުޅޭ ބައެއް އެއީ”
“ޔަލާ އެގެއަށް ވެސް ދިޔައީތަ؟” ޞާބިރާއަށް ޝައްކެއް ވެގެން އަހާލެވުނެވެ.
“ނޫން… އަދިނުދަން… ޒާލްގެ ފަރާތުން އެނގުނީ” ޞާބިރާ ހިތްހަމަނުޖެހިދާނޭހެން ހީވެ ހާސްވެފައި އިން ޔަލާ ސިއްރުކުރިއެވެ.
މަޑުމަޑުން އިނދެ ޒަލަފްއާ ބެހޭގޮތުން ޞާބިރާއަށް ޔަލާ އޮޅުން ފިލުވައިދިނެވެ. ދަރިފުޅުގެ ރުހުން ހޯދާފައިވާ ޒުވާނާއަށް ޞާބިރާގެ ރުހުންދޭން އޭނާ ހުރީ ތައްޔާރަށެވެ. އެހެންނަމަވެސް ލުހާ ރައްޓެހިވެގެން އުޅޭ ދަޔާންއަކީ ޞާބިރާގެ ކުރިމަތީ ބޮޑުވި ކުއްޖަކާވާތީ އެކަމާ ސުވާލެއް ނުކުރިޔަސް ޔަލާއާ ވަރަށް ގިނަ ސުވާލުތައް ޞާބިރާއަށް ކުރާން ޖެހުނެވެ. ހަމައެއާއެކު ޞާބިރާގެ އެދުމަކަށްވީ އޭނާއާ ބައްދަލުކުރަން ޒަލަފް އެގެއަށް ގެނެސްދިނުމެވެ. އެމީހަކާ ބެހޭގޮތުން ދައްކާ ވާހަކަ އަޑުއެހުމަށްވުރެ ލޮލަށް ފެނުމުން އޭނާގެ ކަންތައްތައް ދެނެގަންނަން ފަސޭހަވާނޭތީއެވެ.
“އަހަރެން ބުނާނަން… މަންމައަށް ރަނގަޅީ ކޮން ދުވަހަކު ޒާލް ގެނައީ ވިއްޔާ” އުފާވެފައި އިން ޔަލާ އަހާލިއެވެ.
“ހުކުރު ދުވަހު ރަނގަޅުވާނެ… އާންމުކޮށް ހުކުރު ދުވަހުއެއްނު ބޮޑުކޮށް ކައްކާނީ ވެސް، ރައްޔާ ވެސް އަންނާނެ އެ ދުވަހު” ޞާބިރާ ބުންޏެވެ.
“ދޮންތަ ގާތުގައި އިހަށް ނުބުނާތި… ދޮންތަ ވަރަށް ދިމާކުރާނެ… މަންމައާ ބައްދަލުވީމަ ދެން އެހެން ފަހަރަކުން ވެސް ގެނެވިދާނެއެއްނު އެންމެންނާ ބައްދަލުކުރާން” ޔަލާ އަވަސް އަވަހަށް ބުންޏެވެ. ޔަލާއަށް ވީގޮތުން ޞާބިރާ ހީނލިއެވެ.
“މައްސަލައެއްނެތް… ދަރިފުޅަށް ފެންނަ ގޮތެއް…” ހިނިއައިސްފައި އިނދެ ޞާބިރާ ބުންޏެވެ. ދެމައިންގެ ވާހަކަ އަޑުއަހަން އިނދެފައި ލުހާ އަތްތިލަބަޑި ޖަހައިގަތެވެ. އޭނާ ވެސް އެ އިނީ ޒަލަފް އެގެއަށް އަންނާނެ ދުވަހެއްގެ އިންތިޒާރުގައެވެ.
ބަދިގެ ފަރާތުން ނުކުން ޔަލާ އޭނާގެ ކޮޓަރިއަށް ދާން ފެށުމުން އޭނާގެ ފަހަތުން ލުހާ އައެއެވެ. ދެބެން އެކުގައި ކޮޓަރިއަށް ވަނެވެ. ޔަލާ ކޮޓަރިތެރެ ސާފުކޮށް އެނދުގެ ތަންމަތި ބަދަލުކުރަން ފެށުމުން އެއްފަރާތުގައި އޭނާގެ ހަރާކަތްތަކަށް ބަލަން އިން ލުހާ ވާހަކަދައްކަން ފެށިއެވެ.
“އަހަރެން ހިތަށް އަރާ ޒާލްއަށް އަހަރެން ފެނުނީމާ ވާނީ ކިހިނެއްބާއޭ… އެދުވަހު ކޮފީގައި ވެސް އޭނާއަށް އަހަރެން އެނގުނު ކަމަކަށްނުވި… އޭނާ ވަރަށް އަނގަސަކަރާތްވާނެ ޔާލްގެ ކޮއްކޮކަން އެނގުނީމަ” މޮޔައެއްހެން ހިނިއައިސްފައި އިނދެ ލުހާ ބުންޏެވެ.
“އޭނާއަށް ލުހާ އެނގޭނެ، ގަސްދުގައި ނޭނގޭކަމަށް ހެދުނީ” ޔަލާ ހީވީ ދެރަނުވާންވެގެން ބުނެލިހެންނެވެ.
“އޯކޭ..އޯކޭ… އެހެންވިޔަސް އަހަންނަށް އޭނާއާ ދިމާކޮށްލެވޭނެއެއްނު… ޔާލް! ދެންފަހަރަކުން ދަޔާން ވެސް މިގެއަށް ގެންނަންވާނެ ދޯ ޒާލްއާއެކު”
“ތީ ރަނގަޅު ޚިޔާލެއް… އާދެބަލަ މި ކަވަރުގައި ހިފަހައްޓާލަދޭން” ޔަލާ މިހެން ބުނެ އެނދުގައި އަޅަން ތައްޔާރުކޮށްފައިވާ ބެޑުޝީޓު ފަތުރާލިއެވެ.
ރޭގަނޑު ދިހަގަޑިބައިވެ އެގާރަ ޖަހަން އުޅެނިކޮށް ޔަލާ ވެސް ކޮޓަރި ތަޅުލާފައި އެނދަށް އެރީ ނިދަންވެގެންނެވެ. އެހެންނަމަވެސް އޭނާ ނިދުމުގެ ކުރިން ޒަލަފްއަށް ގުޅާލަން ބޭނުންވިއެވެ. މިރޭ އޭނާ އެކަނިވެލާން ފުރުޞަތު އެ ލިބުނީ ވެސް އަދިކިރިޔާއެވެ. ފޯނު ނަގާ ޒަލަފްގެ ނަންބަރަށް ޑައިލްކޮށްލިއެވެ. ދެފަހަރަކު ރިންގުވާއިރަށް ޒަލަފް ފޯނަށް ޖަވާބުދިނެވެ.
“ޒާލް… ވަރަށް މިސްވޭ… މިރޭ އަންނާނަންތަ؟… އެބައޮތް ވާހަކައެއް ބުނަންވެފައި”
“ކޮންވާހަކައެއް…” ޒަލަފްއަށް ބަދަލުތަކެއް އައިސްފައި ހުރިކަމެއް އޭނާގެ އަޑަކުން ޔަލާއަކަށް ފާހަގައެއް ނުވިއެވެ.
“މިރޭ އައީމަ ބުނާނީ” ޒަލަފްގެ ހިތްތަޅުވާލަން ޔަލާ ބޭނުންވިއެވެ.
“ޔަލާ! އަހަންނަށް މިރޭ ދެވޭކަށްނެތް… ކަމެއް ދިމާވެގެން މިއުޅެނީ”
“ކިހިނެއްވީ؟” ޒަލަފް ފުރަތަމަ ފަހަރަށް ޔަލާގެ ގާތަށް އައުމަށް މަނާވެގަތުމުން ޔަލާ ކަންބޮޑުވިއެވެ.
“ޢާއިލާއަށް ކަމެއް ދިމާވެގެން އުޅޭތީ ދެވެން ނެތީ… އަހަރެން ވެސް ދާހިތްވޭ… ދާންބޭނުން ވެސް މެ… ޔަލާ ދެރަނުވައްޗޭ… އަހަރެން ޔަލާދެކެ ވަރަށް ލޯބިވޭ… މިރޭ ނުދެވުނަސް އަދި ދާނަން”
“މިރޭ ނާދެވުނަސް ޒާލް އަންނާނަމެއްނު… އެހެންވީމަ އެހާ ދެރައެއްނުވޭ… އެނގޭ މުހިންމުކަމެއް ދިމާވެގެން ނޫނީ ނައިހެއްނުހުންނާނެކަން… އަހަރެން ލޯބިވާ މީހާއަށް އިތުބާރުކުރަމޭ” މިހެން ބުނެ ކުޑަކޮށް ޔަލާ ހީނލިއެވެ.
ޒަލަފްއަށް އާދެވެން ނެތްކަން އެނގުމުން ޔަލާ ހުރިހާ ވާހަކައެއް ޒަލަފްއަށް ކިޔައިދިނެވެ. ޞާބިރާ ގާތުގައި ޒަލަފްގެ ވާހަކަ ބުނިކަމާއި އަދި ޞާބިރާ ބޭނުންވަނީ ޒަލަފްއާ ބައްދަލުކޮށްލަންކަން ޔަލާ ބުންޏެވެ. އެ ވާހަކަތަކުން ޒަލަފްއަށް ހިތްހަމަޖުހުމާ އެއްވަރަށް ނުތަނަވަސްކަން ވެސް ލިބިގެންދިޔައެވެ. އޭނާގެ ދިރިއުޅުމުގެ ހަޤީޤަތް ޔަލާއަށް އޮޅުވާލަމުން ދެވޭ ކަމުގައި ޒަލަފްއަށް އިހުސާސް ކުރެވުނެވެ. ޔަލާގެ ގާތަށް ޒަލަފްއަށް ނުދެވުނެއްކަމަކު އޭނާ ޔަލާގެ ހިތް ފުރެންދެން ފޯނުން ވާހަކަދައްކަން ހުއްޓެވެ. ފޯނު ބޭއްވީ ޔަލާ ނިދިއައިސްގެންނެވެ. އޭނާއަށް ޒަލަފް ވަކި ޖަވާބެއް އޭރު ނުދެއެވެ. ނިންމީ ވަރަށް އަވަހަށް ދެމީހުން ބައްދަލުވެފައި ގޮތެއް ނިންމާނީ ކަމުގައެވެ.
ދަންވަރު ދޭއްޖަހާ ދިޔައިރު މުޅި މާޙައުލު ހިމޭންވެއްޖެއެވެ. ޒަލަފް އޭނާގެ ކުޑަދޮރު ކައިރީ ހުރި ގޮނޑީގައި އިށީނދެގެން ކުޑަދޮރުން ބޭރު ބަލަން އިނީ އެ ލޮލުގައި ނިދީގެ އަސަރުނެތީމައެވެ. ނިންޖަށްވުރެ އެ ސިކުނޑީގެ ހާސްކަމާއި ހަލަބޮލިކަން އިތުރުވެފައިވެއެވެ. ފިކުރުކޮށްކޮށް އޭނާގެ ބޮލުގައި ރިއްސާގޮތް ވީއިރު ވެސް މެދުވެރިވެގެން އުޅޭ ކަންތައްތަކަށް ހައްލެއް ލިބޭނޭ ކޮޅެއް ނުފެނުނެވެ. ނިތްކުރިއާއިއެކު ބޮލުގައި އަތްހާކާލާފައި ގޮނޑީގެ ތެރެއަށް ޒަލަފްގެ ހަށިގަނޑު ދޫކޮށްލިއެވެ. އެހެން އިންދާ ގޯތިތެރެއިން މީހެއްގެ ހިލަމެއްވިކަން އިހުސާސްވެ ޒަލަފް ފުންމައިގެން ތެދުވިއެވެ. އޭނާއަށް ފެނުނީ ގޭތެރެއިން ނުކުމެގެން އައިސް ގޯތިތެރޭގެ ހުސްބިމުގައި އަބްދުއްރަޢޫފު މަޑުކޮށްލިތަނެވެ. އަތްދިގު ގަމީހާއި އަނދެފައި ހުރި ގޮޅިޖެހި ހުދު މުންޑާއި ބޮލުގައި އޮތް ތާކިހާ ފެނި ފުރަތަމަ ޒަލަފްއަށް ހީވީ އޭނާ ދަމުނަމާދަށް ދާން އުޅޭނީ ކަމަށެވެ. އަބްދުއްރަޢޫފު މުންޑުއަދައިފައި ހުއްޓާ ޒަލަފް ދުށީ އޭނާގެ އުމުރުން އަށް އަހަރުގައެވެ. އޭގެ ފަހުން އަދި މި ފެނުނީއެވެ. ގޯތިތެރޭގައި އިރުކޮޅަކު މަޑުކޮށްލައިގެން އަބަދުއްރަޢޫފު ހުއްޓެވެ. އަދި ދެއަތް ފުރަގަހަށްލާ އުޑުމައްޗަށް އޭނާ ބަލާލިއެވެ. ދެން އަނެއްކާ ވެސް އޭނާ ހަމަޖެހިލައިފިއެވެ. ޖީބުގައި އާންމުކޮށް އަބްދުއްރަޢޫފު ގެންގުޅޭ ކުޑަފޮތްނަގާ އޭނާ އެ އިން ކޮންމެވެސް އެއްޗެއް ކިޔަވާލިއެވެ. ކުޑަދޮރުން ބަލަން ހުރި ޒަލަފްއަށް ހީވީ ކުއްލިއަކަށް އޭނާގެ ބޯމައްޗަށް ފަރުބަދައެއް ވައްޓާލި ހެންނެވެ. ހަށިގަނޑަށް ލޮޅުންއަރާ ވެއްޓެން އުޅުމުން ކުޑަދޮރުގެ ދެފަރާތުގައި އަތްވިދެލިއެވެ. ބިމަށް ދަމާ ބާރެއް ވަށައިގެން އުފެދިގަތް ކަހަލައެވެ. އެހެން މަހުލޫގެއްގެއް އިހުސާސް ޒަލަފްއަށް ވާންފެށިއެވެ. އެއީ ޖިންނިއެއްކަން ޒަލަފްއަށް ޔަޤީންވެއެވެ. އޭނާ ކުޑަދޮރުން ބޭރަށް ބަލަހައްޓައިގެން ހުއްޓާ އަބްދުއްރަޢޫފުގެ ކުރިމަތިން ގަދަ އައްޔެއް ފައުޅުވެގެން ހިނގައްޖެއެވެ. މަތިން އައި އެ އަލި މަޑުވަމުން އައިސް އިސްކޮޅުން ބޮޑު ބިޔަ މީހެއްގެ ސިފަ ޖެހުނެވެ. އެއާއެކު ޒަލަފްގެ ސިކުނޑީގައި މުޅިން އައު ސުވާލުތަކެއް އުފެދުނެވެ. އަބްދުއްރަޢޫފު ޖިންނިއެއް އެގެއަށް އެގެނައީ ކީއްކުރަންބާއެވެ. އެ މީހަކަށް ޒަލަފް އެ މަންޒަރު ބަލަން ހުރިކަން އެނގުނެވެ. އޭނާ އެކަން އަބްދުއްރަޢޫފު ކައިރީ ބުނީ ކަންނޭނގެއެވެ. އަބްދުއްރަޢޫފު ވެސް އަވަހަށް ކުޑަދޮރާ ދިމާއަށް ބަލާލިތަން ޒަލަފްއަށް ފެނުނެވެ. ދެން ގިނަ އިރެއްނުވެ އަބްދުއްރަޢޫފު ގެއިން ނުކުމެގެން ދާން ހިނގައިގަތެވެ. އެ ޖިންނި ހުރީ އަބްދުއްރަޢޫފުގެ ކުރިމަތީގައި ކަހަލަ ގޮތަކަށެވެ. އެމީހުން ދުރަށް ގޮސް ލޮލަށް އޮބާލުމުން ޒަލަފްގެ ބޮލަށާއި ހަށިގަނޑަށް ކުރެވެމުން އައި އުނދަގޫތައް ހުއްޓިއްޖެއެވެ.
“އެއީ އާދައިގެ ޖިންނިއެއްނޫން…. ކޮންތާކުން އައި ޖިންނިއެއްބާ… ރަޚަބްމެންގެ ތެރޭން އައި ޖިންނިއެއްނަމަ އަހަންނަށް އެނގުނީސް” ޒަލަފް ގޮނޑީގައި އިށީނުމާއެކު އަމިއްލަ ނަފްސާ ވާހަކަދެއްކިއެވެ.
މިސްކިތުގައި އިނދެފައި ފަތިސް ނަމާދުކޮށްގެން އަބްދުއްރަޢޫފު ގެއަށް އައިސް ވަނެވެ. ހިމޭންވެފައިވާ ގޭތެރެއިން އޭނާގެ ލޮލުގައި އަޅައިގަތީ ސޯފާގައި މީހަކު އިނުމުންނެވެ.
“ކިހިނެއްވެފައި ދަރިފުޅު ތި އިނީ” ފަނޑުފަނޑު އަލިކަމުގެ ތެރެއިން އަބްދުއްރަޢޫފަށް ސޯފާގައި އިނީ ޒަލަފްކަން ޔަޤީންވިއެވެ. ޒަލަފް އަނގައިން ބުނޭތޯ މަޑުކޮށްލާފައި އޭނާ އެކައްޗެއް ވެސް ނުބުނުމުން އަބްދުއްރަޢޫފު ގޮސް އޭނާގެ ކޮޓަރިއަށް ވަނެވެ.
ގިނައިރުތަކެއް ކޮޓަރީގައި ނުވެ އަބްދުއްރަޢޫފު ކޮޓަރިން ނުކުން އިރު އޭނާ ކުރިން ލައިގެން ހުރި އެއްޗެހި ބަދަލުކޮށް ގޭގައި އާންމުކޮށް ލާއުލޭ ޓީޝާޓަކާއި ފަޓުލޫނެއް ލާފައި ހުއްޓެވެ. އަދި އައިސް ޒަލަފް އިށީނދެގެން އިން ގޮނޑިއާ ޖެހިގެން ހުރި ބޮޑު ސޯފާގައި އޭނާ އިށީނެވެ.
“ޒަލަފްއަށް ފެނުނު ދޯ…” އަބްދުއްރަޢޫފު އަހާލިއެވެ.
“އެއީ ކާކު… ޖިންނިއެއްކަން އެނގޭ” އަބްދުއްރަޢޫފަށް ބަލާނުލާ ޒަލަފް ބުންޏެވެ.
“ރަނގަޅަށް ތިބުނީ… އެއީ ޖިންނިއެއް… އޭނާގެ ފަރާތުން ދަރިފުޅަކަށް އަދި މި ޢާއިލާއަކަށް ވެސް ގެއްލުމެއްނެތް… އޭނާ އައީ ބައްޕަ ބުނެގެން، އޭނާއަށް ގޮވާލެވުނީމަ… އޭނާގެ އެހީތެރިކަމަށް ބައްޕަ އެދުނީ”
“އަހަރުމެންނަށް އެހީވުމުން އޭނާއަށް ލިބެނީ ކޮންފައިދާއެއް” ޒަލަފް ސުވާލުކުރިއެވެ.
“މުސީބާތެއް ޖެހިފައިވާ މީހަކަށް އެހީވުމަކީ ކޮށްދެވޭ ހެޔޮކަމެއްނު” އަބްދުއްރަޢޫފު ހުރިހާ ވާހަކައެއް ކިޔައިދޭން އުޒުރުވެރިވާ ކަހަލައެވެ.
“އޭނާ އަހަންނަށް ކޮން އުނދަގުލެއް އެ ކުރީ” ޒަލަފް އިނީ އެ ޖިންނިއާ ބެހޭގޮތުން އޮޅުންފިލުވަން ބޭނުންވެފައެވެ. ނަމަވެސް އަބްދުއްރަޢޫފު އޭނާ ބޭނުންވާ ފަދަ ޖަވާބުތަކެއް ނުދެއެވެ.
ދެ މީހުން ވާހަކައިގައި ތިއްބާ އެތަނަށް އަރީޝާ ނުކުތެވެ. އެއާއެކު ޒަލަފް ދައްކަމުން ދިޔަ ވާހަކަ ހުއްޓާލިއެވެ. އޭނާ ގޯތިތެރެއަށް ނުކުތުމުން އަބްދުއްރަޢޫފު ތެދުވެގެން އައިސް ދޮރުކައިރީ މަޑުކޮށްލިއެވެ. ރުއްބުޑުމަތީ ޒަލަފް އިށީނދެގެން އިންތަން ބަލަން އިރުކޮޅަކު ހުރެފައި އަރީޝާގެ ގާތަށް އަބްދުއްރަޢޫފު އައެވެ.
“ސައިތައްޔާރުކޮށް ނިމުނީމާ އެކުދީންނަށް ގޮވުމުގެ ކުރިން ކޮޓަރިއަށް އައިސް ލައްޗޭ.. އަހަރެން މިދަނީ ޖައްސާލަން، ނިދިފައި އޮތަސް އަރީޝާ ވަދެފައި ގޮވާލާތި އިނގޭ” ބަދިގޭ ދޮރުމަތީ މަޑުކޮށްލައިގެން ހުރެ އަބްދުއްރަޢޫފު ވާހަކަދެއްކީ އަރީޝާއާއެވެ.
“އާން… ގޮވާލާނަން” ސައިކުރާ ހިފައިގެން އެއަށް ފެންއަޅަން އައި އަރީޝާ އޭނާގެ ފިރިމީހާއަށް ބަލާލަފައި ބުންޏެވެ.
ހެހެފައި އޮތް ދެ ކާށި ބަދިގޭ ބިއްދޮށުގައި ފުޅަށްޖަހައި ހިޔާކޮށްފައި ހުރި ގުދަންގަނޑުގެ ތެރެއިން ނަގައިން އައިސް އަރީޝާ ގެއަށް ވަންނަމުން ޒަލަފްއަށް ގޮވާލިއެވެ. އެއަޑަށް ސަމާލުކަން ދީ ޒަލަފް ތެދުވިއެވެ.
“ދަރިފުޅު މަސްބާނަން ނިކަން ވަރު ހުރެއެއްނު… ދޭބަލަ ތިހެން ފޫހިވެފައި ނީނދެ މަހެއް ލިބޭތޯ ބަލާލަން، އޭރުން މެންދުރަށް ފިހުނު މަސްކޮޅެއް ލިބޭނެއެއްނު” ދޮރުމަތީ ހުރެފައި އަރީޝާ ބުންޏެވެ. އޭނާ އެހެން ބުނުމުން ޒަލަފްގެ މޫނުގެ ކުލަވަރު ބަދަލުވެގެން ދިޔައެވެ. ހިނިތުންވެލުމާއެކު އޭނާއަށް އައު ޖޯޝެއް ލިބުނު ކަހަލައެވެ. ދަރިފުޅަށް ވީގޮތުން އަރީޝާ ހިނިތުންވެލިއެވެ. އަދި އޭނާ މިސްރާބު ޖެހީ ބަދިގެ ފަރާތަށެވެ.
ނިދާފައި އޮތް ޒާލިފަށް ހޭލެވުނީ މީހަކު އޭނާގެ އަތް މައްޗަށް ނަގާފައި ދޫކޮށްލުމުން ވަރުނެތިގެން ވެއްޓި އެނދުގައި ޖެހިފައެވެ. ލޯހުޅުވާ ބަލާލިއިރު މީހަކު އެ ކޮޓަރިއަކު ނެތެވެ. އަނެއްކާ ވެސް ބާލީހުގެ ތެރެއަށް މޫނުލާ ފޮރުވާލަމުން ނިދީގެ ތެރެއަށް ފީނައިގަތެވެ. އެއާއެކު މިފަހަރު ވެސް ޒާލިފުގެ އަތް މީހަކު ނަގާ ދޫކޮށްލައިފިއެވެ. ފުންމައިގެން ތެދުވިގޮތަށް ބާލީސް ހުރާލިއެވެ. އެހިނދު ޒަލަފްގެ ހުނުމާއެކު އެކޮޓަރިތެރެއިން އޭނާ ފައުޅުވިއެވެ.
“އަހަރެން ބިރުގަންނާނެކަމައްތަ” ލިބުނު ސިހުމުން ނިދިފިލާފައި އިން ޒާލިފު ބުންޏެވެ.
“ބިރުގަންނަވާކަށްނޫނޭ… ހަމަ ޖެއްސުމެއްކޮށްލީ… ނުނިދާ ދެން ތެދުވެބަލަ…” ޒަލަފް އައިސް ޒާލިފު އެނދުގެ ފައިލާކޮޅު ފަޑީގައި އަތްއަޅުވާލަމުން ބުންޏެވެ.
“ކީއްކުރަންތަ؟” ޒާލިފު ހައިރާންވެފައި އެހިއެވެ.
“މަސްބާނަންދާން” ހިތްއަވަސްވެފައި ހުރެ ޒަލަފް ބުނެލިއެވެ.
“މިގަޑީގަ… އިރުކޮޅަކުން އަހަރެން އޮފީހަށްދާގަޑި ޖެހޭނެ…”
“އޯ… އަހަރެން ހަނދާންނެތުނީ… ދެން އެހެން ފަހަރަކުން ދާނީ ދޯ… ނިދާފައި އޮއްވާ ބޭކާރުގޮތެއްގައި ދޯ އުނދަގޫ މިކުރެވުނީ” ޒަލަފްގެ ފޯރި ގެއްލުނެވެ. ޒާލިފަށް ވެސް ބުނާނޭ އެއްޗެއް ނޭނގުނެވެ. ކުރިއާ މިހާރާ ޒާލިފުގެ ދިރިއުޅުން ތަފާތެވެ. ވަޒީފާއަށް ދާން ފަށާފައި އެތަނަށް ފަރުވާކުޑަކުރާކަށް ޒާލިފު ބޭނުމެއްނުވެއެވެ. އަނެއްކޮޅުން ޒަލަފްއަށް މިނިވަންކަމެއް ލިބިގެން އެ ދެމީހުން އެކުގައި މަޖާކޮށްލަން ލިބުނު ފުރުޞަތު ގެއްލޭކަށް ވެސް ބޭނުމެއްނޫނެވެ.
ޒަލަފް މަޑުމަޑުން ޒާލިފުގެ ކޮޓަރިން ނުކުމެ އޭނާގެ ކޮޓަރިއަށް އައިސް ވަނެވެ. މޫދަށް އެރެން ތަންކޮޅެއް ބާވެފައި ހުރި ކޮނޑުކެނޑިއަކާއި ސޯޓުބުރިއެއް ލައިގެން ނުކުމެ ގިފިލިތެރޭގައި ހުރި އަށިމަތިން އަބްދުއްރަޢޫފު މަސްބާނަން ގެންގުޅޭ ސާމާނުތަކުން ޒަލަފްއަށް ބޭނުންވާނޭ އެއްޗެހި ހިފައިގެން އޭނާ ގެއިން ނުކުތެވެ.
ސައި ހަދާފައި އަރީޝާ އައިސް ކޮޓަރިއަށް ވަންއިރު ނިތްކުރީގައި އެއްއަތް ބާއްވާލައިގެން އަބްދުއްރަޢޫފު އޮތީ ދެ ލޯ މަރާލައިގެންނެވެ. އަރީޝާ ވަދެ ދޮރު ލެއްޕުމުން ވެސް އަބްދުއްރަޢޫފަށް ހިލަމެއް ނުވުމުން އޭނާއަށް ނިދުނީކަން އަރީޝާއަށް އެނގުނެވެ.
“ރަޢޫފު… ރަޢޫފު… ބުނީމެއްނު ގޮވާލައްޗޭ..” ރަޢޫފުގެ މަގަތުން އަރީޝާ އިށީދެގެން އިދެ ވާހަކަދެއްކިއެވެ.
“ފެންފޮދެއް…” އަބްދުއްރަޢޫފު ލޯ ހުޅުވާލަފައި ނިތްމަތިން އަތް ނެގުމާއެކު ކުޑަކޮށް ތެދުވެ ފަޑީގައި ލެނގިލައިގެން އިށީނެވެ. އަރީޝާ އެއްފަރާތަށް ޖެހިލާ މޭޒުމަތީގައި ހުރި ފެންފުޅިން ބިއްލޫރިތަށްޓަށް ފެންފޮދެއް އަޅައިގެން ގެނެސް އަބްދުއްރަޢޫފަށް ދިއްކޮށްލިއެވެ.
“އަރީޝާ، މިތާ އިށީނދެބަލަ…” ފެންކޯވަރެއް ބޯލާ ކަރުތެރެ ތެތްމާލަފައި މަޑުމައިތިރިކަމާއެކު އަބްދުއްރަޢޫފު ބުންޏެވެ. އަދި ހަމައެއާއެކު އޭނާގެ މަގަތުން އެނދުގައި އަތްޖައްސާލިއެވެ. އަރީޝާ އަވަހަށް އައިސް އިށީނެވެ.
“ކިހިނެއްވީ؟ ހާދަ ހިތްބިރުގަންނަ ފާޑަކަށޭ އަބްދުއްރަޢޫފު ތިއުޅެނީ” އަރީޝާ ބުންޏެވެ.
“އަހަރުމެންގެ ޒަލަފް މިތާ ބެހެއްޓޭކަށްނެތް” އަބްދުއްރަޢޫފު ދެން ވެސް ވާހަކަދެއްކީ މަޑުމަޑުންނެވެ.
“އެއީ ކީއްވެ؟” އަރީޝާގެ މޫނުމަތިން ހައިރާންކަން ފައުޅުވެގެން ދިޔައެވެ.
“ޒަލަފް އޭނާގެ ކައިވެންޏާ ބެހޭ ވާހަކައެއް ދެއްކިތަ؟” އަބްދުއްރަޢޫފުގެ ވާހަކަތަކުން އަރީޝާއަށް އޮޅުންބޮޅުންވެ އެއްވެސް ކަމެއް އެނގޭ ގޮތެއްނުވިއެވެ.
“އަހަރެން ކުރިން ވެސް ބުނީމެއްނު ޒަލަފް އަންހެންކުއްޖެއްގެ ވާހަކަ ދެއްކިއޭ… އެއީ އިންސާނެކޭ… އެކަމާ އަހަރެން ނުރުހުމުން އޭނާ އިތުރަކަށް އެއްވެސް އެއްޗެއް ނުބުނޭ”
“އޭނާގެ ކައިވެނި ހަމަޖެހިފައި އޮތީ އިންސާނަކާއެއްނޫން… ރޭގައި އަހަންނަށް އެ ޚަބަރު ގެނެސްދިނީ… އެމީހުންގެ ތެރެއިން އަންހެންކުއްޖަކާ ޒަލަފްގެ ކައިވެނި އިޢުލާންކޮށްފައިވަނީ… އަހަންނަށް މިވާހަކަ ޒަލަފްގެ ގާތުގައި ދައްކާނޭ ގޮތެއް ނޭނގޭ… އޭނާ އައިސް އެ ހުންނަނީ ކީއްވެކަމެއް ނޭނގޭ… އެ މީހުންގެތެރޭގައި ޒަލަފް ނެތުމުން އެކަމުގެ ވާހަކަތައް ދައްކާ.. އެމީހުން ބޭނުންވަނީ ޒަލަފް ގެންދަން…”
“އެކަމަކު ޒަލަފް ބުނީ އޭނާ އަހަރެންގެ ގާތަށް އައީކަމުގައި…” ހައިރާންވެ އަންތަރީސްވެފައި އިނދެ އަރީޝާ ބުންޏެވެ.
“އަރީޝާ އޭނާއާ ވާހަކަދައްކަބަލަ… އޮޅުންފިލުބަލަ ކަންތައް ވެގެން އުޅޭގޮތް، އެންމެ ރަނގަޅަށް ކިޔައިދެވޭނެ މީހަކީ ޚުދު ޒަލަފް، އެމީހުންގެ ތެރޭގައި މައްސަލައެއް ޖެހިގެން އުޅެންޏާ ވެސް އެނގޭނީ އޭރުން، ޒަލަފް ނެތުމުން އެކަމުގެ ނުރުހުމުގައި އެމީހުންގެ ތެރެއިން ބަޔަކު އަހަންނާ ދިމާކުރީ…”
“ޒަލަފް ކީއްބާ ކުރީ…” ހާސްކަން ލިބިގެން ދިޔަ އަރީޝާއަށް އިސްޖަހާލެވުނެވެ.
“ޒަލަފް ކުޑައިރުއްސުރެ އަހަރެން އޭނާއަށް ކުރި ހުރިހާ ކަމެއް މިހާރު އެ ހުރީ ބާތިލުކޮށްފައި، އެހެންވެ ކޮންމެ ޖިންނިއަކަށް ވެސް އޭނާއަކީ ޖިންނިއެއްކަން ބުނަން އެނގޭ… ކުރިން އަހަރުމެންނަށް އެނގޭ ޒަލަފްއެއްނޫން އެއީ…. އޭނާއަށް ކަންކަންކުރާން އެނގޭ، އޭނާއަކީ ރަޚަބްމެންގެ ތެރޭގައި ބާރު ގަދަ ޖިންނިއެއް” އަބްދުއްރަޢޫފު ބުންޏެވެ.
“އެހެންވިޔަސް އަހަރެން ވިހޭ ދަރިއެއްނު އެއީ… އެމީހުން ބޭނުންހާ ގޮތެއް އެކުއްޖާއަކަށް ނުހެދޭނެ… އޭނާ ރަނގަޅު މީހަކަށް ހަދަން އަހަރެން ކުރާހާ މަސައްކަތް ފޫނެއްފަޔަށް ފެންފުރުމަށް ވެގެން ދާތަން ބަލާކަށް ނުހުރެވޭނެ… އަހަރެން ބުނާގޮތް ޒަލަފް ހަދާނެ…” ހާސްވެ ކަންބޮޑުވެފައި އަރީޝާއަށް ބުނެލެވުނެވެ.
“އޭނާގެ ވިސްނުން ހުރި ގޮތެއް ވެސް އެނގޭނީ ހުރިހާ ކަމެއް އެނގިގެން…. އަރީޝާ އޭނާއާ ވާހަކަދައްކާ… އަހަރެން ސައިބޮއެގެން ބޭރަށް ނުކުމެލަން އެބަޖެހޭ، ކައިރީގައި އޮތް ރަށަކަށް ވެސް ދާންޖެހޭ… އަތުގައި އޮތުން ކޮންމެހެން މުހިންމު ދެތިން އެއްޗެއް ބަލާ…” އަބްދުއްރަޢޫފު އެނދުން ތެދުވަން އުޅުމުން އޭނާގެ މަގަތުގައި އިން އަރީޝާ ތެދުވިއެވެ.
“ތި ހުރިހާ ވާހަކައެއް އަހަންނަށް ކިޔައިދީފައި ރަޢޫފު ފުރަނީތަ؟”
“ތިހާބޮޑަށް ހާސްނުވެބަލަ… މަ ބުނިކަންތައް ކުރެވޭތޯ ބަލާ… ނުފުރާ ވާންނެތީ، އެހެންވެ ދާން މިއުޅެނީ… އެކޮޅުގައި ރޭކޮށްފައި އަންނާނީ… ފަހަރެއްގައި މިރޭގެ ވަގުތެއްގައި ނޫނީ ފަތިހުން ފުރަން ހަމަޖެހޭތޯ މިބަލަނީ…” އަބްދުއްރަޢޫފު ހަރުގަނޑުގައި ހުރި ތުވާލި ނަގައިގެން ގޮސް ފާޚާނާއަށް ވަނެވެ. އިރުކޮޅަކު ކޮޓަރީގައި ހުރެފައި އަރީޝާ ނުކުތީއެވެ.
“ޒަލަފް ކޮބާ؟” ކޮޓަރިން ނުކުން އަރީޝާ ފެނިފައި ޒާލިފު އަހާލިއެވެ. އޭރު އޭނާ އިނީ އޮފީސް ހެދުން އަޅައިގެން ފަޔަށް އިސްޓާކީނު މަހާށެވެ.
އަބްދުއްރަޢޫފުގެ ވާހަކަތައް އަޑުއެހުމަށްފަހު އަމިއްލަ ޚިޔާލުތަކެއްގައި ބަނދެވިފައި ހުރި އަރީޝާއަށް ކުއްލިއަކަށް ޖަވާބުދޭން އުނދަގޫވެ ޒާލިފާ ދިމާއަށް ބަލަން ހުރެވުނެވެ. އަރީޝާ ހުރި ގޮތުން ޒާލިފު ބުނިއެއްޗެއް އަޑުނީވުނީއޭ ހިތާ އޭނާ ދެވަނަ ފަހަރަށް ބަސްތައް ތަކުރާރުކޮށްލިއެވެ.
“ޒަލަފް… ހީވަނީ މަސްބާނަންހެން ދިޔައީ…” ޚިޔާލީ ދުނިޔެއިން ނުކުންނަން އަރީޝާ މަސައްކަތްކުރިއެވެ. އެހެންނަމަވެސް އިވުނު ވާހަކައިގެ ގޮތުން އެކަމާ ނުވިސްނާ ހުންނާނެ ގޮތެއް އޭނާއަކަށް ނޭނގެއެވެ. މަޑު ހިނގުމުގައި އައިސް ބަދިގެ ތެރެއަށް ވަނެވެ. ތަށިހަރުގަނޑު ކައިރިއަށް ޖެހިލާ ސައިބޯ ޖޯޑުތައް ނަގަން އުޅުނެވެ. މޭޒުމަތީގައި ހުރިހާ ތަށްޓެއް އެތުރުނުކަން އަރީޝާއަށް ހަނދާންވީ ހަރުގަނޑުގައި އަތްލެވުނު ފަހުންނެވެ. އަވަސްއަވަހަށް ދެފަރާތަށް ބޯހޫރުވާލިއެވެ. ނަފްސު ހަމައަކަށް އެޅޭތޯ ހަށިފުރާ ނޭވާއެއް ލިއެވެ.
“ސައިތައްޔާރުވެފައި ދޯ ހުރީ… މަންމަ ނުގޮވާތީ އަހަރެން ހީކުރީ އަދިވެސް ރެޑީ ނުވަނީކަމަށް” ބަދިގެއަށް ވަން ޒާލިފު ވާހަކަދެއްކިއެވެ.
“އިށީނދޭ ސައިބޯން” ޒާލިފު ވާހަކަދައްކާ ނިމުމާއެކު އަރީޝާ ބުންޏެވެ. އަދި ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިކޮށްލިއެވެ.
ގިނައިރެއްނުވެ އަބްދުއްރަޢޫފު ވެސް ބަދިގެއަށް އައިސް ކާމޭޒު ދޮށުގައި އިށީނދެއްޖެއެވެ. ދެބަފައިން ސައިބޯން ތިބިއިރު އެތަނުގައި ޒަލަފް ނެތިގެން އެވާހަކަދެއްކިއެވެ. ޒަލަފް ގާތުގައި މަސްކޮޅެއް ލިބޭތޯ ދިއުމަށް ބުނީ އަރީޝާކަން އޭނާ ހާމަކުރިއެވެ.
“ބައްޕަ މިއުޅެނީ މިތާ ކައިރީ ރަށަކަށް ދާންވެގެން، ގޭތެރޭގެ ކަންކަން ޒާލިފުވާނެ ބަލާލަން” އަބްދުއްރަޢޫފުގެ ކުރިމަތީ އިން ޒާލިފަށް ބަލާލަމުން އޭނާ ބުންޏެވެ. އިހަށް ވެސް ރަށުން ބޭރަށް ދަންޏާ ޒާލިފު ގާތުގައި އަބްދުއްރަޢޫފު އެހެން ބުނެއެވެ.
“ކިހާ ދުވަހަކަށް ބައްޕަ ދަނީ” ރޮއްޓާއި މަސްހުންޏާ ޖަހައިގެން ކަމުން ދިޔަ ޒާލިފު ވާހަކަދެއްކިއެވެ.
“އެންމެ ގިނަވެގެން ދެ ދުވަސްވާނީ…” އަބްދުއްރަޢޫފު އޮޅުންފިލުވައިދިނެވެ.
ދެބަފައިން ސައިބޮއެގެން ގެއިން ނުކުން އިރު ވެސް ޒަލަފް ނާދެއެވެ. އެކަނިމާ އެކަނި ބަދިގޭގައި އިނދެ ލަސްލަހުން އަރީޝާ ސައިބޮމުން ދިޔައެވެ. އެކަނިވުމާއެކު އޭނާގެ ސިކުނޑިއަށް އަނެއްކާ ވެސް ވެރިވެގެން ދިޔައީ ޒަލަފްގެ ޚިޔާލެވެ.
“ޒަލަފްއަށް ކަންކަން ދަސްކޮށްދިނީ ރަޚަބް… އޭނާ ބޭނުންވަނީ އެކުއްޖާ އެމީހުންގެ ތެރޭގައި ބަހައްޓައިގެން ހަލާކުކޮށްލަންކަން ޔަޤީން… ރަޚަބްއަށް އެނގޭބާ ޒަލަފް ބޭނުންވަނީ އިންސާނުންގެ ތެރެއިން ބައިވެރިއަކު ޚިޔާރުކުރާންކަން… ވެދާނެ އެހެންވެކަމަށް އެ މީހުން ހިތްހަމަނުޖެހިގެން އެ އުޅެނީ… އެހެންވިޔަސް ހެޔޮ… ޒަލަފްއަށް އަނިޔާއެއް އެ މީހުން ދޭން އުޅޭނަމަ ކޮންމެގޮތަކުން ވިޔަސް އަހަރެން އެ ދަރިފުޅު ރައްކާތެރިކުރާން ބޭނުން… އެމީހުން ބޭނުންހާ ގޮތެއް ހަދާން އެ މީހުންގެ އަތްމައްޗަށް ޒަލަފް ދޫކޮށެއް ނުލެވޭނެ…” ޚިޔާލުތަކުގައި ހައްޔަރުވެފައި އިން އަރީޝާއަށް ސިހިފައި ބަދިގެ ދޮރުމައްޗަށް ބަލާލެވުނީ ޒަލަފް “މަންމާ”އޭ ކިޔައި ގޮވާލި އަޑަށެވެ.
“ހާދަ ފިކުރުބޮޑުވެފައި… އަހަރެން ލަސްވީމަތަ؟” ޒަލަފްގެ ހަނދާނަށް އައީ އަރީޝާގެ ލޯމަތިން ކުޑަ ހިނދުކޮޅަކަށް ޒަލަފް ގެއްލުނަސް އޭނާ ހާސްވެގެން ޒަލަފްއަށް ގޮވާ ހަނދާނެވެ. ޒަލަފްގެ އުމުރުން ހަތްއަހަރާއި ބާރައަހަރާއި ދެމެދުގައި ބައެއްފަހަރަށް އަރީޝާއާ ސާމާސާ ކުރުމުގެ ގޮތުން ވެސް އޭނާ އަލަމާރިއަށާއި އެނދުތަންދޮށަށް ވަދެ ފިލައެވެ. އޭރު އަރީޝާގެ ކަންބޮޑުވުމާއި ހާސްކަން ގުޅިފައިވަނީ ކޮންކަމަކާކަން ޒަލަފްއަށް ނޭނގުނަސް މިހާރު އޭނާއަށް ހުރިހާ ކަމެއް ވެސް އެނގިއްޖެއެވެ. ޒަލަފްއާ މެދު އަރިޝާ އެހާ ކަންބޮޑުވަނީ ކީއްވެކަމެވެ.
“މަހެއް ނުލިބުނުތަ؟” އަރީޝާ ހަމަޖެހޭކަން ދައްކާލަން މަސައްކަތް ކުރަމުން މޭޒުދޮށުން ތެދުވެ ޒަލަފްއަށް ބުންޏެވެ.
“ގިފިލީގައި އޮންނާނެ… ހުޅުބުޖަހާ ސާފުކޮށްލައިގެން ގެނައީ… އެކަމަކު ޅިޔައެއް ނާޅަން… ހިނގާބަލަ އެ މަސްތައް ބަލާލަން” ޒަލަފް ބުންޏެވެ.
“ހިނގާ… ފަރުވަސްގަނޑު ދަރިފުޅުގެ ގައިން ދުވަނީ… ތިއެއްޗެހީގައި ފެންލާފައި ގިފިލީ ރޯނުގައި ބަހައްޓާތި… މިއަދު ކޮންމެވެސް އިރަކުން ތިއެއްޗެހި ދޮވެލާނަން” ޒަލަފްއާއެއްކޮށް ގިފިއްޔާ ދިމާއަށް ދަމުން އަރީޝާ ބުންޏެވެ. އޭނާގެ ވާހަކަތަކަށް ޒަލަފް ބޯޖަހާލިއެވެ.
“ހާދަ ބޮޑު މަސްތަކެކޭ ދޯ… އެންމެ މަހެއް ގެނައިނަމަ ވެސް ރަނގަޅުވީސް…” ގިފިލީ ވަޅުގެ ވަށައިގެން އަޅާފައި އޮތް ތަޅުން މަތީގައި ބާއްވާފައި އޮތް ތިން މަހަށް ބަލާލަމުން އަރީޝާ ބުންޏެވެ.
“މަސްތައް ތިލަވެގަތީ ތިޔަހެންނަކުން ނޫން… ލައްކަ މަސް ބާނާލަން ހިތުގައި އޮތް… އަހަރެން ވެސް ހިތަށް އެރީ އެހާ ބައިވަރު ގެންގޮސްގެން މަންމައަށް ހަދާން އުނދަގޫވާނެއޭ…އަނެއްކާ ކޮންތާކަށް މަސްތައް އަޅާނީ… އެހެންވެ ފެނުނު އެންމެ ބޮޑު ތިން މަސް ހިފައިގެން މި އައީ… އަހަރެން ބޭނުންވަނީ ތިއޮތް ދޮންމަސް މިއަދު ހަދާލަން…” ނިކަން ފޯރީގައި ޒަލަފް ވާހަކަދެއްކިއެވެ. އޭނާ އެ އައިސް އެ ހުރީ މަސްބޭނުން ހުއްޓާލާފައި އަންނަ ހިތަކުން ނޫންހެން އަރީޝާއަށް ހީވިއެވެ. ދަރިފުޅަށް ހިނިތުންވެލާފައި މަސްތައް ކައިރީ އަރީޝާ އުޑުފައި އިށީނެވެ.
“ކުޑަކޮށް ވެލި އެބަހުރި… ރީތިކޮށް ދޮވެލާފައި ޒަލަފް ބޭނުން މަހެއްގައި ޅިޔައަޅާލާ… މަންމަ މި އަންނަނީ ބޮޑުތަށްޓެއް ހިފައިގެން” އަރީޝާ ބުންޏެވެ.
މަސްތަކުގެ ކަންތައްތައް ނިންމާލާފައި އަރީޝާ ގެނައި ނޫކުލައިގެ ބޮޑު ތަށްޓަށް އެ މަސްތައް ލާދިނުމުން އަރީޝާ އެތަނުން ދާން ހިނގައިގަތެވެ. އެވަގުތު ޒަލަފް އެދުނީ އޭނާގެ ތުވާލި ގެނެސްދިނުމަށެވެ. އަރީޝާ ތުވާލު ހިފައިގެން އަންނަންވާއިރަށް ލައިގެން ހުރި ކޮނޑުކެނޑި ބާލައި އަށިމަތިން ނަގައިގެން އައި ބާލިދީ ތެރެއަށް ވައްޓާލިއެވެ. އަދި ދެތިންދާނީ ފެން ބާލިދީއަށް އަޅާލިއެވެ.
“ސައިބޯނި ދަޅުގައި މަތިޖަހާތި އެހެންނޫނީ މީދާ ގެންގޮސްދާނެ” އަރީޝާ ތުވާލި ދިއްކޮށްލާފައި ޒަލަފްއަށް ބުންޏެވެ.
ފެންވަރައިގެން ޒަލަފް ނުކުތީ އުނުގައި ތުވާލި އޮޅާލައިގެން ހުރެއެވެ. ގިފިލިން ނުކުމެ ތަންކޮޅަކަށް ނުދެވެނީސް ފެންސުން ބޭރުގައި މީހަކު ބަލަން ހުރިހެން ހީވެ އޭނާ ބަލާލިއެވެ. އެކަމަކު އޭނާއަށް ފެނުމުގެ ކުރިން އެމީހަކު އެތަނުން ހިނގައްޖެއެވެ. އިރުކޮޅަކު އެ ދިމާއަށް ބަލަން ހުރެފައި ޒަލަފް އައިސް ގޭތެރެއަށް ވަނެވެ. އަރީޝާ ބުނެގެން ވިޔަސް މަސްބާނަން ދިއުމުން ޒަލަފްގެ ހާސްވެފައިވާ ސިކުނޑިއަށް ހަމަޖެހުމެއް ލިބިގެން ހިނގައްޖެއެވެ. އޭނާ ހިތްހަމަޖެހިފައި ހުރިވަރުން މާބޮޑަށް ޔަލާއާ ބައްދަލުކުރާހިތްވާން ފެށިއެވެ. ޔަލާގެ ޚިޔާލުގައި ހުރެ ކޮޓަރިއަށް އައިސް ވަނެވެ.
“ސައިބޯން އިށީނދޭ” ބަދިގެއަށް ޒަލަފް ވަނުމާއެކު އެތަނުގައި ހަރަކާތްތެރިވަމުން ދިޔަ އަރީޝާ ބުނެލިއެވެ.
ޒަލަފް މޭޒުދޮށުގައި އިށީނދެ ސައިބޯން ފެށުމާއެކު އަރީޝާގެ ސިކުނޑިއަށް އަބްދުއްރަޢޫފު ދެއްކި ވާހަކަތައް ހަނދާންވާން ފެށިއެވެ. ޒަލަފްއާ ވާހަކަދައްކައިގެން އޮޅުން ފިލުވަންޖެހޭ ކަންކަން އެބަހުރިކަން އަރީޝާ ދެނެގަތެވެ. ޒަލަފް ހަމަޖެހިލާފައި އިން ވަގުތެއްގައި އެފަދަ ސުވާލުތަކެއް ކުރުމުން އެނާ ޖަވާބުދޭލެއް އަވަސްވާނޭކަން ވެސް އަރީޝާ ދެނަހުއްޓެވެ. އެހެންވެ މަސްފިހަން ލޮނުމިރުސްގަނޑެއް ތައްޔާރުކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔަ އަރީޝާ ޒަލަފްއަށް ގޮވާލިއެވެ.
“މަންމަ ވާހަކައެއް އަހާލަންތަ؟” އަރީޝާ މިހެން ބުނުމުން ޒަލަފް ބަލާލިއެވެ.
“އަހާބަލަ…” މާބޮޑު ޚިޔާލެއް ފިކުރެއްނެތި ސައިބޮމުންދިޔަ ޒަލަފް ބުންޏެވެ.
“ރަޚަބްއާއި ދަރިފުޅާ ދެމެދު ކަމެއް ހިނގައިގެންތަ ތިއުޅެނީ… އެހެންނަމަ ވެގެން އުޅޭގޮތެއް މަންމައަށް ކިޔައިދީބަލަ… މަންމަ މިހުންނަނީ ހައިރާންވެފައި ކުއްލިއަކަށް ދަރިފުޅު މަންމަގެ ގާތަށް އައީމަ… އެމީހުން އެކަމާ ބުނިއެއްޗެއް ވެސް ޒަލަފް ނުބުނަމެއްނު… މަންމައަށް ރަޚަބްގެ ގޮތް އެނގޭތީވެ، ހަމަ ހިތްބުނަނީ ރަޚަބް އެހާ ޤަބޫލެއްނުވާނެއޭ ދަރިފުޅު އެމީހުންނާ ވަކިން މަންމަގެ ގާތުގައި އުޅޭކަށް… އަދި އަމުދުން މިހާރު… ދަރިފުޅަށް ފުރިހަމަ މިނިވަންކަން ލިބިފައިވާއިރު…” އަރީޝާގެ ވާހަކައަށް ކުއްލިއަކަށް ޖަވާބެއް ނުދީ ޒަލަފް އިނީ ވިސްނާށެވެ. އަރީޝާ ވެސް ޒަލަފްގެ ޖަވާބު އަވަސްކުރުވާކަށް މަސައްކަތެއް ނުކުރެއެވެ. އިސްޖަހާލައިގެން އިނދެ ރޮށިކޮޅުން މަސްހުނިކޮޅެއް ނަގައި އަނގައަށް ލަމުން ޒަލަފް ދިޔައެވެ. އޭނާއަށް އަރީޝާ ބަލާލާފައި ވެސް ވާހަކަނުދައްކާ އޭނާ ކުރަން ހުރި މަސައްކަތައިގެން އުޅެމުންދިޔައެވެ.
“ރަޚަބްމެން ޒަލަފްގެ ކައިވެނި ކުރުވަން އުޅޭ ޚަބަރަކީ ތެދެއްތަ؟” ޒަލަފް އެއްޗެއް ނުބުނާހެން އަރީޝާއަށް ޔަޤީންވުމާއެކު ބުނެލިއެވެ.
“ކިހިނެއް މަންމައަށް އެނގުނީ” ހައިރާންވެފައި ޒަލަފް ސުވާލުކުރިއެވެ. އެއާއެކު އަބްދުއްރަޢޫފު ކިޔައިދިން ވާހަކަތައް ޒަލަފްއަށް އަރީޝާ އޮޅުންފިލުވައި ދިނެވެ. އަދި ހުރިހާ ކަމެއް އޮޅުވާނުލާ އަރީޝާއަށް ކިޔައިދިނުމަށް އޭނާ ޒަލަފްގެ ގާތުން އެދުނެވެ. އިރުކޮޅަކު އިނުމަށްފަހު ޒަލަފް ކިޔައިދޭން ފެށިއެވެ.
“ބެހެމަތްއާ ކައިވެނިކުރާކަށް އަހަރެން ބޭނުމެއްނޫން… އަދި އެ މީހުންގެ ތެރޭގައި ދިރިއުޅޭކަށް ވެސް ބޭނުމެއްނޫން. ރަޚަބް ބޭނުންވަނީ އަހަރެންގެ އުމުރުގައި ބާކީ އޮތް ދުވަސްތައް އެމީހުންނާއެކު ހޭދަކުރުމަށް… އަހަންނަށް އިތުރު ގޮތެއް ވެސް ނެތްކަހަލަ… ބެހެމަތްއާ ކައިވެނިކުރުން މަޖުބޫރުވެފައިވާއިރު އެ މީހުންގެ ތެރޭގައި އުޅުން ވެސް އޮތީ މަޖުބޫރުވެފައި… އެއްފަހަރު ވެސް އަހާނުލާ އަހަރެން ބޭނުންވަނީ ކޮންގޮތެއްތޯ… އަހަރެން އުޅެން ބޭނުންވަނީ މަންމަގެ ގާތުގައޭ ބުނީމާ ރަޚަބް ބުނީ އޭނާ ވެސް އަދި އޭނާގެ ޢާއިލާ ވެސް އެކަމާ ޤަބޫލެއްނުވާނެއޭ… ހުއްދައޮތީ ހަމައެކަނި މަންމަގެ ހާލުބަލާލަން އައިސް ވަދެލާ އުޞޫލުން އައުމަށް އެކަނި… އެހެނެއް އެމީހުންނަކަށް ނުނިންމޭނެ… އަހަންނަކީ މިހާރު ކުޑަކުއްޖެއްނޫން، އެބަޔަކު ހިތަށް އެރިހާ ގޮތަކަށް އަހަންނާމެދު ކަންތައްކުރާކަށް…. އަހަރެންގެ ވެސް މިނިވަންކަމެއް އޮންނާންވާނެތާ…”
“އެހެންވީމަ ޒަލަފް އައިސް ތި އުޅެނީ އެމީހުންނާ ދެކޮޅުހަދާފައިތާ” ޒަލަފްގެ ވާހަކަ އަޑުއަހަން ހުރެފައި އަރީޝާ ބުންޏެވެ.
“ތިހެން ވެސް ބުނެވިދާނެ… ރަޚަބްއާއި މެލްފަސް އައި އަހަރެން ބަލާ… ބުނީ އެމީހުންނާއެކު ދާންށޭ ޖެހޭނީ… އެކަމަކު މަންމާ… އަހަރެން ބޭނުމެއްނޫނޭ ދާކަށް… އެމީހުންގެ ތެރޭގައި އުޅޭކަށް ބޭނުމެއްނޫން… އަހަންނަކީ ޖިންނިއެކޭ ކިޔާފައި ކޮންމެހެން އެމީހުންގެ ތެރޭގައި އުޅުން މަޖުބޫރުތަ؟ އަހަރެން އަމިއްލައަށް ބޭނުންވެގެންތަ ޖިންނިއަކަށް ވެފައި މި ހުރީ…” ޒަލަފްގެ މޫނުމަތިން އޭނާ ރަޚަބްމެންގެ ގާތަށް ދާން ނޭދޭވަރު އަރީޝާއަށް ފެނުނެވެ. ހަމައެއާއެކު އޭނާގެ ދަރިފުޅަށް މަޖުބޫރުވެފައިވާ މިންވަރު ވެސް ހިތަށް ތަސައްވުރު ކުރެވިގެން ދިޔައެވެ. އަދި އަމިއްލަ ކުށް އަލުން އިހުސާސް ކުރުވިގެން ދިޔައެވެ.
“އެކަމަކު ރަޚަބްއަކީ ދަރިފުޅުގެ ބައްޕައެއްނު… އޭނާއަށް ޒަލަފް ބޭނުންވާގޮތް ކިޔާނުދޭންތަ؟” ލޮނުމިރުހަށް ބޭނުންވާނޭހާ އެއްޗެއް އަޅާން ހުރި ބޯތަށި ހިފައިގެން އައިސް މޭޒު ކައިރީ މަޑުކޮށްލަމުން އަރީޝާ ބުންޏެވެ.
“އަހަރެން ހީކުރީ ރަޚަބްއަކީ އަހަރެންގެ ބައްޕައަށްވީމާ އަހަރެން ބޭނުންވާގޮތް އަޑުއަހާނެކަމަށް، އެމީހުންގެ ތެރޭގައި ކަންތައް ހުންނަގޮތް ދުށީ އަހަރެން… ހުރިހާ ކަމެއް ނިންމާނީ ޒަރަސް… އޭނާއާ ދެކޮޅަށް އެއްޗެއް ބުނާކަށް އެކަކަށް ވެސް ނުކެރޭނެ… ބާރުގަދަ މީހާއަކީ މޮޅުމީހާ، މަތިވެރި މީހާ… އަހަރެންގެ އިހުސާސްތަކަށް ޤަދަރުކުރުމުގެ ބަދަލުގައި ރަޚަބް އެ ދިޔައީ އަހަންނަށް އިންޒާރުދީފައި… ތިން ދުވަސް ތެރޭ އަހަރެން އެނބުރި އެމީހުންގެ ގާތަށް ނައިސްފިނަމަ ދެން ކަންތައްކުރާނީ ޒަރަސް އަންގާ ގޮތަކަށްކަން” ރަޚަބްދެކެ ނުރުހިފައި އިނދެ ޒަލަފް ވާހަކަދެއްކިއެވެ.
“ޒަލަފްގެ ނުރުހުމުގައި ގެންގޮސްނުވާނެ… އެހެންވިޔަސް އެމީހުންގެ ގޮތެއް ނޭނގޭނެ… ދެން އޮތީ އަބްދުއްރަޢޫފާ ވާހަކަދައްކައިގެން ތިކަމަށް ހައްލެއް އޮތްތޯ ބެލުން، ޒަލަފް… ކަންތައްވާގޮތުން މަންމަ ނޫނީ ރަޚަބް ޚިޔާރުކުރާން ޖެހިދާނެ، އެހެންވެދާނޭ ކަމަށް މިހާރުއްސުރެ ތައްޔާރުވޭ… އެމީހުން ބޭނުންވާކަމެއް އެ މީހުން ބޭނުންގޮތަކަށް ނިންމާނެ… އޭރުން ތިކަން ބޮޑު ކަންތައްގަނޑަކަށްވާނެ”
“ކޮންމެގޮތެއް ވިޔަސް ވަރިހަމަ…. އަހަރެން އެނބުރިއެއް ނުދާނަން” ޒަލަފްގެ ނިންމުން އިއްވާލިއެވެ. އެކަމާ ކަންބޮޑުވެފައި ހުރީ އަރީޝާއެވެ. އޭނާ ހީކުރިވަރަށްވުރެ ކަންތައް އޮތީ ގޯސްވެފައެވެ. ޔަޤީނާ ގާތަށް ވެސް ރަޚަބްމެން ޒަލަފް ގެންދަން ކުރެވެން އޮތް ހުރިހާ ކަމެއް ކުރާނޭކަން އޭނާއާށް އެނގެއެވެ. ކަންބޮޑުވަނީ އެހެންވެއެވެ. އެކަމުގެ ސަބަބުން އަރީޝާއާއި އަބްދުއްރަޢޫފުގެ އިތުރުން ޒާލިފަށް ކުރިމަތިވެދާނޭ ބަލާވެރިކަމެއް ނޭނގޭތީއެވެ.
“މަންމާ… ބައްޕަ ވެސް ޖިންނީންގެ އެހީތެރިކަން ހޯދާކަން އަހަންނަށް އެނގޭ… ރޭގައި ގޯތިތެރެއަށް ޖިންނިއެއް ފައުޅުވި، އެކަން ކުރީ ބައްޕަ… އެއީ ކީއްކުރަންކަން އަހަންނަށް މިހާރު ޔަޤީންވެއްޖެ… އަހަރެން ބޭނުމެއްނޫން ބައްޕަ އެގޮތަށް އެހެން ޖިންނީން މެދުވެރިކޮށް އަހަރެންގެ ކަންކަން އޮޅުން ފިލުވާކަށް…” ސައިބޮއެގެން ބަދިގެ ފަރާތުން ނުކުންނަން ދިޔަ ޒަލަފް ހުއްޓި އަރީޝާއަށް ބަލާލަމުން ބުންޏެވެ. އެހިނދު އަރީޝާއަށް ހުއްޓުން އަރާ ކަނދުރާގައި ހުރި ލޯލިތައް ކޮޅަށް ޖެހޭގޮތްވިއެވެ. ޒަލަފްގެ ދެ ލޮލުގެ ވިދުން ގަދަވެ ނުފެންނަ ބާރަކުން އައިސް އަރީޝާ ފިއްތާލަން އުޅޭ ފަދަ އިހުސާސެއް ކުރެވިގެން ދިޔައެވެ. ނަމަވެސް ނިކަން އަވަހަށް ޒަލަފް ނަޒަރު ވަކިކޮށްލާ އެ ތަނުން ދިއުމަށް ހިނގައިގަތެވެ.
ކޮޓަރިއަށް ވަން ޒަލަފް އައި ގޮތަށް އައިސް އެނދުމައްޗަށް ވެއްޓިގަތެވެ. ފޫހިކަން ލިބިފައިވާ ނަފްސު ހަމައަކަށް އެޅުވުމަށް އޭނާ ވިސްނަމުން ދިޔައެވެ. އަނެއްކޮޅުން ޔަލާގެ މަތިން މާބޮޑަށް ހަނދާންވަނީއެވެ. އެންމެފަހުން ހިތަށް ކެތްނުވެގެން ޔަލާއަށް ގުޅިއެވެ.
“މިވަގުތު ބަލިމީހުން ބަލަނީ… ފަހުން ގުޅާނަން” ޔަލާ ފޯނުކޯލު ކަނޑާލުމާއެކު ޒަލަފްގެ ފޯނަށް އައީ ޔަލާގެ މެސެޖެކެވެ. މޫނުމައްޗަށް ފޫހިކަމުގެ ވައްތަރެއް ޖައްސާލުމާއެކު ވައަތް މުއްކަވާލާފައި ގެނެސް ނިތްކުރީގައި މަޑުމަޑުން ތަޅާލިއެވެ. އިރުކޮޅަކު އެހެން އޮވެފައި ޒަލަފް ތެދުވިއެވެ. ކޮޓަރީގައި ހުރި އޭނާ ކުރަހާ ސާމާނުތަކަށް ބަލަން ފެށިއެވެ.
ޔަލާ ހުރީ ހުސްވަގުތެއް ނުލިބިގެންނެވެ. ބަލިމީހުން ބަލާ ނިމުމާއެކު އޭނާ އަވަސްވެގަތީ ޒަލަފްއަށް ގުޅުމަށެވެ. އެހެންމީހުންނާ އެކަހެރި ވެލުމަށްޓަކައި ހޮސްޕިޓަލުގެ ތިރީގައި ހަދާފައި އޮންނަ ކުޑަކުޑަ ޕާކުގެތެރެއަށް ނުކުތެވެ. އަދި އެތަނުގައި ކުޑަޖަހާފައި ހުރި ހިލަ މޭޒުތަކުން މޭޒެއްގެ ދޮށުގައި އިށީނެވެ.
“މާ ބޮޑަށް ހަނދާންވާތީ ގުޅީ… ޔަލާ ދުށުމަށް މި ހިތް އެދެނީ…” ޖަޒުބާތީ ގޮތަކަށް ޒަލަފް ބުނެލިއެވެ. އެއަޑުއިވިފައި ވެސް ޔަލާއަށް އޭނާގެ ތިރީތުންފަތުގައި ދައިގަނެވުނެވެ. ހީވީ ހަށިގަނޑު ތޮރުފާލާ ފަދަ އިހުސާސެއް ކުރެވިގެން ދިޔައީ ހެންނެވެ.
“މިއަދު ތަންކޮޅެއް ކުރީން ނިމިދާނެ… ޒާލް އަންނަންވީނު އަހަރެން ބަލާ، ދެން ދެ މީހުން އެކުގައި ދާނީ ކޮންމެވެސް ތަނަކަށް” ހިތްއަވަސްވެފައި އިން ޔަލާ ބުންޏެވެ. އެގޮތް ޒަލަފްއަށް ކަމުދިޔައެވެ.
ތިނެއްޖެހިއިރު ޔަލާ ހުރީ ހޮސްޕިޓަލުގެ ގޭޓުން ނުކުމެ އޭނާގެ ސްކޫޓަރުގައި މަގަށް ހިޔާއެޅިފައި އޮތް ފަޅީގައި މަޑުކޮށްލައިގެންނެވެ. އޭނާއަށް ޒަލަފްއެއް ނުފެނެއެވެ. އަންނަންވީ ގަޑި ވެސް ޔަލާ ބުންޏެވެ. ކެތްތެރިކަން ކުޑަވެފައި އިނދެ އަތުކުރީ ގަޑިއަށް ޔަލާ ބަލާލާފައި މަގުގެ ދެކޮޅު ހޯދާލައެވެ. އެހެން ހުއްޓާ އޭނާ ސިހުނީ ފަހަތުގައި ހުރި ޒަލަފް ގޮވާލުމުންނެވެ.
“ކިހިނެއް މިތަނަށް ތިއައީ… އަހަންނަށް ނުވެސް އެނގުނު ޒާލް އައިކަމެއް” ހައިރާންވެފައި ޔަލާ ބުންޏެވެ.
“ވަރަށް ސިއްރުންނޭ މިއައީ، އެހެންވީމަ ނޭނގޭނެއެއްނު” ޒަލަފް ހީނލިއެވެ. އޭނާގެ އެ ހީނލުމުން ދުނިޔެމަތީ ހުރިހާ ކަމެއް ޔަލާ ހަނދާންނެތޭހާ ވިއެވެ. ހުވަފެނީ ބެލުމަކުން ޒަލަފްއަށް ބަލަން އިންދާ އޭނާ ޔަލާއަށް ގޮވާލިއެވެ.
“ކޮންތާކަށް ދާނީ… ކޮފީއަކަށްތަ އަރާނީ… ދުއްވާލަންދާން އަދި ތަންކޮޅެއް އަވި ގަދައެއްނު” އަމިއްލަ ނަފްސު ހަމައަކަށް އަޅުވަމުން ޔަލާ ވާހަކަދެއްކިއެވެ.
“އަހަރެން ބުނާ ތަނަކަށް ޔަލާއަށް ދާން ކެރޭނެތަ؟” ޒަލަފްގެ އަޑުގައި ހުންނަ ދަމާބާރުގެ އަސަރުގައި ޔަލާ ނުޖެހޭން ހުއްޓަސް އޭނާއަށް އެކަމެއް ނުވެއެވެ.
“ޒާލް އެދުނު އެއްވެސް ކަމެއް އަހަރެން މިހާތަނަށް މަނާކުރީންތަ؟” ބޭއިޚްތިޔާރުގައި ކަހަލަ ގޮތަކަށް ޒަލަފް ލައިގެން ހުރި ޓީޝާޓަށް ދަމާލަމުން ގާތަށް ގެނެސް ޔަލާ ބުންޏެވެ. ޔަލާގެ އެ ލާނެތްކަން އެކުލެވިފައިވާ ޢަމަލުން ޒަލަފްގެ ކައިރިއަށް ހިނިއައެވެ.
“އެހާ އަވަހަކަށް ޔަލާއަށް ގެއަކަށް ނުދެވޭނެ އިނގޭ…” ޒަލަފް ބުންޏެވެ.
“އެންމެ ރެއަކު ޒާލްއަށް އަހަރެންގެ ގާތަށް ނާދެވުނީމާ ތިވަރުވީތަ؟ އެކަމަކު އަހަރެންގެ މަންމަ އަހަރެން ހޯދާނެ… މާބޮޑަށް ލަސްވަންޏާ ގުޅަން ވެސް ގުޅާނެ، މަންމަ ނުރުހޭ ގޮތަށް ކަމެއްވާކަށް ބޭނުމެއްނޫން… ޚާއްޞަކޮށް ޒާލްގެ ވާހަކަ މަންމަ ގާތުގައި ބުނެފައިވަނިކޮށް…”
“އެންމެރަނގަޅު… އެހާ ލަހެއްނުވާނެ… ހިނގާ އަހަންނާއެކު…” ޒަލަފް ބުންޏެވެ.
“ކޮންތާކަށް؟ ހިނގާފަތަ؟ އަހަރެންގެ ސްކޫޓީގައި ދާންވީނު… ޒާލް ބުނާ ދިމާއަކަށް އަހަރެން ދުއްވަފާނަން” ހިނގާފައި ދިއުން ބޮޑުކަމަކަށް ވެފައި އިންހެން ޔަލާ ބުންޏެވެ. އެއާއެކު ޒަލަފް މިފަހަރު ވެސް ހީނލީއެވެ. އަދި ޔަލާގެ ފަހަތަށް އަރާ އިށީނދެ ދާންވީ މިސްރާބު ޔަލާއަށް އޮޅުން ފިލުވައިދިނެވެ.
ޔަލާއާއި ޒަލަފް އައިސް މަޑުކޮށްލީ ފަޅުވެފައި އޮތް ސަރަޙައްދަކަށެވެ. މަގުގެ ދެފަރާތުން ފެންނަނީ ވާގަނޑެވެ. ޒަލަފްއަށް ޔަލާ ފުރިހަމަ އިތުބާރުކުރެއެވެ. އެހެންވެ އޭނާއާއެކު ކޮންމެ ތާކަށް ދާން ވެސް ޔަލާ ފަހެއްނުޖެހެއެވެ. ޔަލާ ސްކޫޓަރުން ފޭބުމާއެކު ޒަލަފް އެ ސްކޫޓަރު ގަސްތަކުގެ ތެރެއަށް ގެނެސް ބެހެއްޓިއެވެ. އޭނާ އެކަން ކުރިލެއް ފަސޭހަކަމާއެކު ޔަލާ ހުރީ އަޖައިބުވިއެވެ.
“ޒާލް ހާދަ ބާރުގަދައޭ… އާދައިގެ މީހަކަށް ތިގޮތަށް ސްކޫޓާ ނަގާ ނުބެހެއްޓޭނެ” ތަޢުރީފުގެ ގޮތުން ޔަލާ ބުނެލިއެވެ. އެހިނދު ހިނިތުންވެލައިގެން ހުރި ޒަލަފް ޔަލާއަށް އަތްދިއްކޮށްލިއެވެ. އަވަސްއަވަހަށް ޔަލާ އައިސް ޒަލަފްގެ އަތުގެ މުލައްދަނޑީގައި ހިފާލައިފިއެވެ.
ގަސްތަކު ތެރޭން ލާފައި ޔަލާ ގޮވައިގެން ޒަލަފް ނުކުތީ އަތިރިމައްޗަށެވެ. ވިލުނޫކުލައިގެ ފަޅު ދުރުދުރަށް ފެތުރިފައިވާ ރީތި މޫދެއް އޮތް ދިމާއެކެވެ. އަތިރިމަތީގައި ހަތަރުވަރަކަށް ކާލިޖަހައި އޭގައި ބޮއެހުސްކޮށްފައި ހުރި ކުރުބާތަކެއް ބަހައްޓާފައި ހުއްޓެވެ. އެ ސަރަޙައްދަށް ބަލާލުމުން ހީވަނީ މީހަކު އެތަން ތައްޔާރުކޮށްފައި އޮތް ހެނެވެ. އެކަން ޔަލާއަށް ފާހަގަވުމާއެކު އޭނާގެ ހިތް އުފަލުން ނަށާލިއެވެ. އިހުނަށްވުރެ ޒަލަފްގެ އަތުގައި ދެއަތުން ހިފާ ގާތްވެލެވުނެވެ. ހަމަ އެހިނދު ޔަލާގެ ލޮލުގައި އަޅައިގަތީ އަތިރިމަތީ ޖަހާފައި ހުރި ދަނޑިއެއްގައި އައްސާފައި އޮތް ކަނދުފައްޗެވެ. އޮޔާއި އެއްވަރަށް އޭތި ފަރާތްފަރާތަށް ދެމިދެމި އޮތެވެ.
“މީ ކިހާ ހިތްގައިމު ތަނެއް…” ޒަލަފް މަޑުކޮށްލުމާއެކު ދުރަށް ނަޒަރު ހުއްޓާލަމުން ބުންޏެވެ.
“މިތަނުގައި ޔަލާއާއެކު ވަގުތު ހޭދަކޮށްލަން އަހަރެން ބޭނުންވަނީ… ފޮނި ހަނދާންތަކެއް މި ދޮންވެލިގަނޑާއި މޫދުގައި ބިނާކުރާން ބޭނުން…” ޔަލާގެ ކޮނޑުގައި ހިފާ ގަޔާ ކައިރިކޮށްލާފައި ޒަލަފް ބުންޏެވެ. އެފަދަ ރީތި ހިތްގައިމު މާޙައުލެއް ހޯދުމަކީ ޒަލަފް ފަދަ ޒުވާނަކަށް ނޫނީ ނުވާނޭ ކަމެއްކަމުގައި އެވަގުތު ޒަލަފްއަށް ބަލަން ހުރި ޔަލާގެ ޟަމީރު ހެކިވިއެވެ. އެއްވެސް އިޚްތިޔާރަކާއި ނުލާ ޒަލަފްއަށް ޓަކައި ޔަލާގެ ހިތުގައިވާ ލޯބި އިތުރަށް ފުންވެގެން ދިޔައެވެ.
ޔާލާ ބަހައްޓާފައި ޒަލަފް އެއްފަރާތަކަށް ހިނގައިގަތެވެ. ޔަލާ ބަލަބަލާ ހުއްޓާ އޭނާ އެތަނުގައި ހުރި ރުކަކަށް އަރަން ފެށިއެވެ. ހަލުވިވެފައި ހަރަކާތް އަވަސްކަމުން ވީނުވީއެއް ޔަލާއަކަށް ނޭނގުނެވެ. ބަންލާފައި ދެ ފަންގަނޑު ކަނޑައިގެން ގޮސް ބިންމައްޗަށް ވެއްޓުނު އަޑަށް ޔަލާ ދެ ކަންފަތުގައި އަތް އެޅިއެވެ. ދެ ލޯ މާރާލާފައި ހުޅުވާލި އިރު އެ ފަންގަނޑު ކޮނޑަށް ލައިގެން ޒަލަފް އަތިރި މައްޗަށް ފައިބައިފިއެވެ. އަތުގައި އޮތް ވަޅިން އޮށިގަނޑާއި ފަންތައް ވަކިކޮށް ތޮށަލި ވިޔާ ގޮތަށް އެ ފަންތައް ވިޔުނީ ދާދި ކުޑަ ހިނދުކޮޅެއްގެ ތެރޭގައެވެ. ބަސްހުއްޓި އަނގަ ހުޅުވިފައި ޔަލާ ހުއްޓާ ފެނި ޒަލަފް ނިކަން ބާރަށް ހޭންފެށިއެވެ.
“އަހަންނަށް މިފެންނަ މަންޒަރެއް ޤަބޫލެއް ވެސް ނުކުރެވޭ” އަޖައިބުވެފައި ހުރެ ޔަލާ ބުންޏެވެ. އޭނާގެ ސުވާލުތަކަށް ޒަލަފް ޖަވާބު ދިނީ އިތުރު ހުނުންތަކަކުންނެވެ.
ބިންމަތީގައި ވިޔެފައި އޮތް ފަންގަނޑު ފަތުރާލުމާއެކު ރުއްދޮށުގައި ބަހައްޓާފައި ހުރި ޕިކުނިކު ކޫލަރު ހިފައިގެން އައިސް އެއިން ފެހިކުލައިގެ ރަޖާގަނޑެއް ނަގާ ފަންގަނޑު މަތީ ފަތުރާލިއެވެ. އަދި އޭގައި އިށީނުމަށް ޔަލާއަށް އިޝާރާތްކޮށްލިއެވެ.
(ނުނިމޭ)