HEEVEY KALAA VAAHEN [EP-09]

( ހީވޭ ކަލާ ވާހެން، މި ވާހަކައަކީ 8 މެއި 2016 އިން 29 ޑިސެމްބަރ 2017 އަށް ޖުމްލަ 89 އެޕިސޮޑްގެ ގޮތުގައި ވީނިއުސްގައި ޝާއިރު ކުރެވުނު ވާހަކައެއް. )

“މަންމައަކަށް އެތަނުން އެއްޗެއް ނުފެނުނު… އެ ވާނީ މަންމަ ނުކުން އަޑު އިވިގެން ދުވެ ރައްކާވީ ކަމަށް” ޞާބިރާ ބުންޏެވެ. އެހެންނަމަވެސް ޔަލާއަށް ވެފައި ހުރި ގޮތުން އޭނާ ހިތްހަމަޖައްސާލުމަށް ޞާބިރާ ދޮރޯށި ހުޅުވައި މަގުމަތި ވެސް ބަލާލިއެވެ. އޭނާގެ ފަހަތުން ޔަލާ ވެސް ނުކުތެވެ. އެ ހިސާބުގައި ވެސް ބުޅަލެއް އޮތް ކަމުގެ ނިޝާނެއް ފެންނާކަށް ނެތެވެ. ޔަލާ އިތުރަށް ޔަޤީންކުރަން ފާރު ކައިރިއަށް ގޮސް ބިންގަނޑު ބަލާ ހެދިއެވެ. އެ ބުޅާ ފުންމާލި ނަމަ ފައިގެ ނިޝާން ފަސްގަނޑުގައި ހުންނާނެކަން އެނގޭތީއެވެ. އެހެންނަމަވެސް އެކަހަލަ އެއްވެސް ކަމެއް ނެތެވެ.

“އާދޭ އެތެރެއަށް ދެން… މިހިސާބު ގެއެއްގައި ބުޅަލެއް ގެންގުޅެނީ ކަމަށް ވެސް ވެދާނެ… މިހާރު ބުޅާ ވެސް ބޮޑުވެ ފަލަވި ވަރަކަށް ގޭގޭގައި ގެންގުޅެން ބޭނުންވަނީ…” ޞާބިރާގެ ވާހަކަތަކުން ޔަލާ ހިތްހަމަޖައްސާލެވޭތޯ މަސައްކަތް ކުރިއެވެ.

“ތީ ކޮންކޮތަޅެއްތަ މަންމާ” ޔަލާ އައިސް ގޭތެރެއަށް ވަދެ ދޮރޯށި ލައްޕާލާފައި ޞާބިރާ ގެންގުޅުނު ޕްލާސްޓިކު ކޮތަޅާ ބެހޭގޮތުން ސުވާލުކުރިއެވެ.

“ކޮމެޓީގައި އުޅޭ ވަރުދާއަށް މިގޭ މިރުސް މާ މީރުވެގެން އުޅޭތީ އޭނާއަށް މިރުސްކޮޅެއް ގެންގޮސްދޭންވެގެން މިއުޅެނީ… އިރުއޮއްސޭއިރަށް މިއަދު އެންމެން އެއްވާން ކިޔައިގެން އުޅޭ ދުވަހެއް… އަހަރެން އެވަރަށް ބުނީމާ ވެސް އެންމެންނަށް އެ ނޫން ގަޑިއެއް ހަމަނުޖެހުނު ވިއްޔާ… ދެ ނަމާދު ދޭތެރޭ ދެން ކޮން މީޓީންއެއް ބާއްވާކަށް…” ޞާބިރާ ވާހަކަދައްކަމުން އައިސް ގޭގެ ބިއްދޮށުގައި ރީނދޫ ހަންބުރިތަކެއްގައި އިންދާފައި ހުރި މިރުސް ގަސްތަކާ ކައިރިވެލިއެވެ.

“މަންމަ ވެސް ތިއުޅެނީ ބޭރަށް ދާން ދޯ” ޔަލާ އަހާލިއެވެ. ދާދި ދެންމެއަކުހެން ވީ ކަންތަކުން ހަމަޖެހިނުލެވެނީސް ޞާބިރާގެ ވާހަކައިން ޔަލާގެ ހަނދާނަށް އައީ އޭނާ ގޭގައި އެކަނި ހުއްޓާ ފެނުނު ބުޅަލެވެ. އެހިނދު މޭ ތޮރުލާފަދަ އިހުސާސެއް މުޅިހަށިގަނޑަށް ވެރިވެގެން ދިއުމާއެކު ކަނދުރާއާއި ދެއަތުގެ ލޯލިތައް ކޮޅަށްޖެހި ހީބިހިނަގައިގެން ދިޔައެވެ. އަވަސް އަވަހަށް ކަނާތުން ވައަތުގެ މުލަށްދަނޑީގައި ޔަލާ ފިރުމާލިއެވެ. އެ ދުވަހު ވެސް ޔަލާއަށް އެ ބުޅާ ގެއްލުނީއެވެ.

“މަންމަ އެބުނަނީ ތެދަކަށް ވެސް ވެދާނެ، މިހިސާބުގައި ގެންގުޅޭ ބޭރު ބުޅަކަށް ވެދާނެ…” ނަފްސުގެ ހަމަޖެހުމަށް އަމިއްލަ ޟަމީރާ ޔަލާ ވާހަކަދެއްކިއެވެ.

މަޤުރިބު ނަމާދުކޮށްގެން އަންހެނުންގެ ކޮމެޓީގެ ބައްދަލުވުމަށް ދާން ރީތިވެގެން ޞާބިރާ ކޮޓަރިން ނުކުން އިރު ލުހާއާއި ޔަލާ ވެސް ސިޓިންރޫމުން ފެންނާކަށް ނެތެވެ. އޭނާ ދިއުމުގެ ކުރިން އެ ދެބެންގެ ގާތުގައި ދަނީއޭ ބުނަން ޞާބިރާ ބޭނުންވިއެވެ. އެހެންވެ އެންމެ ފުރަތަމަ ވެސް އައިސް ހުޅުވާލީ ލުހާގެ ކޮޓަރިއެވެ. މުއްސަލަ މަތީ ކިޔަވަން އިންތަން ފެނުމުން ޞާބިރާގެ މުޅި ރޫހަށް ވެސް ފިނިކަން ލިބިގެން ދިޔައެވެ. ދަރިންގެ ފަރާތުން ފެންނަ ރަނގަޅު ކަންތައްތަކުން މައިމީހާއަށް އޭނާގެ ޒިންމާ އެންމެ ފުރިހަމަ ގޮތުގައި އަދާކުރެވިއްޖެކަމުގެ އިހުސާސް ކުރުވައިދެއެވެ. މިއަދު ޞާބިރާއަށް ވެސް އޭނާގެ ދަރީންނަށް ރަނގަޅު ތަރުބިއްޔަތެއް ދެވިފައިވާކަމުގެ އިހުސާސް ކުރެވުނެވެ. އެހެންވެ ލުހާއަށް ބަލަން ހުރެ ހިނިތުންވެލެވުނީ ބޭއިޚްތިޔާރުގައެވެ.

“ދަރިފުޅާ ލުހާ… މަންމަ ދާން މިދަނީ” ދޮރުމަތީ ހުރެ ޞާބިރާ ބުނެލިއެވެ. އެއާއެކު އޭނާއަށް ބަލާލާފައި ލުހާ ބޯޖަހާލިއެވެ. ދެން ޞާބިރާ ހިނގައިގަތީ މައްޗަށް އަރަން ހުރި ސިޑިއާ ދިމާއަށެވެ.

ހަރުފަތްތައް ގިރާކޮށް ގޯތިތެރެ ފެންނަގޮތަށް ހަދާފައި އޮތް ބެލްކަނިކޮޅުން ހިނގާފައި އައިސް ޔަލާގެ ކޮޓަރީގެ ދޮރު ޞާބިރާ ހުޅުވާލިއެވެ. އޭރު ޔަލާގެ އެނދުމަތީ ދެތިން ގަމީސްކޮޅު ކޮނޑާއެކު ފަތުރާލާފައި އޮތެވެ. އޭނާ ވެސް ތަނަކަށް ދާން އުޅޭހެން ޞާބިރާއަށް ހީވިއެވެ. ނަމަވެސް އެކޮޓަރިއަށް ވަންނަންވާއިރަށް ޔަލާ ސުވާލުކޮށްލީ ޞާބިރާއަށެވެ.

“މަންމަ ކަމަކުތަ؟”

“ދަނީއޭ ބުނެލަން މިއައީ… ޔަލާ ވެސް ބޭރަށް ދަނީތަ؟” އެނދުމަތީ ހުރި ހެދުންތަކަށް ބަލާލާފައި ޔަލާއަށް ބަލާލަމުން ޞާބިރާ އަހާލިއެވެ.

“އޮފީސް ކަމަކު އެއަރޕޯޓަށް ދާންވެގެން މިއުޅެނީ… ނިމޭނެ އިރެއް ނޭނގެ” ޔަލާ ބުންޏެވެ.

“މަންމައަށް ހީވަނީ ތިވަރަށް ހެދުންތައް ނުބެލިޔަސް ކޮންމެ ހެދުމެއް ވެސް ޔަލާއާ ނުހަނު ގުޅޭނެހެން، ދެން ދަނީ އިނގޭ” ޔަލާ އުޅޭ ގޮތުން ޞާބިރާ ހީނލިއެވެ. ބަދަލުގައި ޔަލާ ވެސް ހީނލާފައި ބޯޖަހާލިއެވެ.

* * * *

ރަޚަބްއާއި މެލްފަސް ކޮންމެވެސް ވާހަކައެއް ދައްކާފައި ޒަލަފްއަށް ބަލާލަމުން ހީނލިއެވެ. އެހެންނަމަވެސް ޒަލަފް އިނީ ހާސްވެފައެވެ. ހެނދުނު ހިނގައިދިޔަ ކަންތަކުންނެވެ. އޭނާއަށް ބެހެމަތްއެއް ނުފެނެއެވެ. ހޯދަން ކުއްޖަކު ގާތު އަހާލުމުން ވެސް ގޭގައި އުޅޭކަމަށް ނުވިއެވެ. ރަޚަބްގެ ގާތުގައި މެލްފަސް އެ ދައްކަނީ އެ ވާހަކަ ކަމުގައި ވެސް ޒަލަފްއަށް ހީވެއެވެ. ބެހެމަތް އޭނާގެ ކޮޓަރިއަށް ވަންނަންވާނީ ހުއްދަ ލިބިގެން ކަމުގައި ޒަލަފްއަށް ޤަބޫލުކުރެވުނެވެ. އެހެންނަމަ މިއަދު އެ ހިނގައި ދިޔަ ފަދަ ކަމެއް ނުހިގީހެވެ.

ޚިޔާލުތަކުގައި ހުރެ ޒަލަފް މަޑުމަޑުން އިންތަނުން ތެދުވެ ގޭތެރެއަށް ވަދެގެން ދިޔައެވެ. ރަޚަބްއަށް ހިއްރާގެ ފަރާތުން ލިބިފައިވާ ދެ ކުދީންގެ ތެރެއިން އަންހެންދަރިފުޅުގެ ދިގު އިސްތަށިގަނޑުގައި ފުނާ އަޅައިދޭން ހިއްރާ އިނެވެ. އެ ދެމީހުން ތިބީ ގޯތިތެރެ ފެންނާނޭހެންނެވެ. ޒަލަފް ފެނުމާއެކު ހިއްރާ ހިނިތުންވެލިއެވެ.

“މިއަދު ރަޚަބްއާއެކު ނުދާ ދުވަހަކީތަ؟” ހިއްރާ އަހާލިއެވެ.

“ކާފަ ގާތަށް އިރުކޮޅަކުން ދާންޖެހޭނެ ވާހަކަ ބުނެފައި އޮތީމަ… މީ… ދައްތަ ދުށިންތަ ބެހެމަތް މިއަދު؟ ހޯދާ ހޯދާ އެއްގޮތަކަށް ވެސް ނުފެނިގެން މިއުޅެނީ” ޒަލަފް ވަރަށް ނުކެރިފައި ހުރެ ވާހަކަދެއްކިއެވެ.

“ޒަލަފް ހަމައެކަނި ރައްޓެހީ ބެހެމަތްއާ ދޯ… އޭނާ ނެތީމާ ފޫހިވެގެންތަ ތިއުޅެނީ؟” ހިއްރާ އަހާލިއެވެ. އޭނާގެ ވާހަކައަށް ޒަލަފް ބޯޖަހާލުމުން ދެން ވެސް ވާހަކަދެއްކީ ހިއްރާއެވެ.

“ބެހެމަތް ވަރަށް ގިނައިން މަދޮށި ގަސްތަކުގެ ތެރެއަށް ގޮސްގެން އުޅޭނެ މަދޮށި ހޮވަން، އެކަމަކު އެއީ ކަނޑޫފާ އޮންނަ ދިމާ، ކުޅިއާ ވެސް ކައިރިވާނެ… ވަރަށް އެތެރެ އެއީ… ޒަލަފްއަށް އެނގޭނެތަ ދާން”

“ނޭނގޭނެ” ޒަލަފް ބުންޏެވެ. އެއާއެކު ހިއްރާ ނަމަކުން ކުއްޖަކަށް ގޮވާލުމާއެކު އެތެރެއިން ޅަފުރައިގެ ފިރިހެންކުއްޖަކު ނުކުތެވެ. އޭނާގެ ގާތުގައި ހިއްރާ ވާހަކަތަކެއް ދެއްކުމަށްފަހު ޒަލަފް ގެންދިއުމަށް ބުންޏެވެ. ސާހިބު މީހާއަށް ކިޔަމަން ގަންނަ ފަދައަކުން އެ ފިރިހެންކުއްޖާ އަވަސް އަރުވާލަފައި އައިސް ޒަލަފްއަށް އަތުން އިޝާރާތް ކުރީ އޭނާއާއެކު އައުމަށެވެ. ލުއި ހިނިތުންވުމެއް ހިއްރާއާ ބަދަލުކޮށްލުމާއެކު ޒަލަފް ޝުކުރު އަދާކުރިއެވެ. އަދި އެ ފިރިހެންކުއްޖާ ދައްކާ މިސްރާބަށް އޭނާއާއެކު ހިނގައިގަތެވެ.

“ޒަލަފް! ކޮންތާކަށް؟” ގެއިން ނުކުންނަ ބޮޑު ދޮރާ ދިމާއަށް ޒަލަފް ދާން ފެށުމުން އެތަން ފެނި ރަޚަބް ގޮވާލިއެވެ.

“މަދޮށި ގަސްތައް ބަލާލާ ކަނޑޫފާ ކައިރިއަށް” ޒަލަފް ބުނެލިއެވެ.

“އަނދިރިވާއިރު ކާފައާ ބައްދަލުކުރަން ބުނެފައެއްނު އޮތީ” ޒަލަފްއަށް ހަނދާންކޮށްދިނުމަށް ރަޚަބް ބުނެލިއެވެ.

“ވަރަށް އަވަހަށް އަންނާނަން” ޒަލަފް ބުންޏެވެ.

ހިއްރާ ބުނި ހިސާބުގައި ޒަލަފް ގޮވައިގެން އެ ފިރިހެންކުއްޖާ އުޅުނެވެ. ޒަލަފް ކުރާ އެކިއެކި ސުވާލުތަކަށް އެކުއްޖާ ޖަވާބުދެއެވެ. ރަށުގެ ބޮޑުކަމާއެކު ޒަލަފްއަށް ނުފެންނަ އެތައް ތަނެއް އަދިވެސް އެބަހުރިކަން އޭނާއަށް އެނގުނެވެ. ހިއްރާ ބުންޏެއްކަމަކު އެ ހިސާބުގައި ބެހެމަތް ނެތްކަން ޒަލަފްއަށް ޔަޤީނެވެ. އެހެންވެ އިތުރު ވަގުތުތަކެއް ބޭކާރުނުކޮށް އޭނާއާއެކު ހުރި ފިރިހެންކުއްޖާގެ އެހީގައި އެނބުރި ގެއަށް އައެވެ. އޭރު ވެސް މެލްފަސްއާއި ރަޚަބް ތިބީ ވާހަކައިގައެވެ.

ޒަރަސްގެ ގާތަށް ދިއުމުން ރަޚަބް އުޅޭގޮތް ފެނިފައި ޒަލަފް ވެސް ހުރީ އަޖައިބުވެފައެވެ. ކުރުނީސްކުރުމާއި އިޚްތިރާމް އެހެން އެއްވެސް މީހަކަށް ނުކުރާވަރަށް ޒަރަސްއަށް ރަޚަބް ކުރެއެވެ. އެހެންވެ ޒަލަފް ވެސް ބެލީ ރަޚަބް ފަދައިން ޢަމަލުތަކާއި ބަސްމަގު ބެހެއްޓޭތޯއެވެ. ޒަރަސްގެ ގާތުގައި ޒަލަފް ހަމަޖެހިލުމާއެކު އެ މީހުން ދޫކޮށް ރަޚަބް ހިނގައްޖެއެވެ. އެއާއެކު ޒަރަސް އޭނާގެ ވާހަކަތައް ފެށިއެވެ. ފުރަތަމަ ބޭނުންވީ ޒަލަފްގެ ވިސްނުން ހުރި ގޮތެއް ދެނެގަންނާށެވެ. އެއަށްފަހު އޭނާގެ މަސައްކަތް ފެށިއެވެ. ތަފާތު ފޮތްތަކާއި ބަސްތައް ޒަލަފްއަށް ދެއްކިއެވެ. ހީނުކުރާހާ އެމީހުންގެ ސިކުނޑި ތަނަވަސްވެފައި ހިތްއަލިވާނޭ ކަމުގައި ޒަރަސް ބުނެއެވެ. އޭނާ އެދޭ ގޮތަށް ޒަލަފް ކަންކަން ކުރަމުން ދިޔައެވެ.

* * * *

ސިޑިން ފައިބައިގެން އައިސް ސިޓިންރޫމަށް ޔަލާ ނުކުންއިރު ސޯފާގައި ލެޕްޓޮޕް ހިފައިގެން ލުހާ އިނެވެ. ޔަލާ އައިސް ސޯފާ އެއްފަރާތުގައި މަޑުކޮށްލާ ލުހާ ކުރާކަމެއް ބަލާލިއެވެ.

“މިހާރު ވެޑިން ޑްރެސް ހޯދާ ހިސާބަށް ދިޔައީތަ؟” ލުހާއަށް ހިލަމެއް ވީވެސް ޔަލާ ވާހަކަދެއްކި އަޑަށެވެ.

“ޔާލް… އާދެބަލަ… އޭތް! ކޮންތާކަށް ދާން ތިހާ ރީތިވެގެން ތި ނުކުތީ” ލުހާ ބުނަން އުޅުނު އެއްޗެއް ނުބުނެ ސުވާލުކޮށްލީ ޔަލާ އޮފީހަށްދާން ތައްޔާރުވާހެން ރީތިވެގެން ހުރީމައެވެ. ދެފައި ނަގައިގެން އިން ލަކުޑިމޭޒުގެ މަތިން ދެފައި ތިރިކޮށްލާފައި އެތަނުގައި ލުހާ ލެޕްޓޮޕް ބެހެއްޓިއެވެ. އަދި ތެދުވެ ޔަލާއަށް ރަނގަޅަށް ބަލާލިއެވެ.

“މިދަނީ އޮފީސްކަމަކު ބޭރަށްދާންވެގެން، ތީނަގެ އެއަރޕޯޓަށް…” ޔަލާ ބުނެލިއެވެ.

“އެތަނަށް ކީއްކުރަންދަނީ” ލުހާ ސުވާލުކޮށްލިއެވެ.

“އެތާ ހުންނަ މެޑިކަލް ސެންޓަރަށް، ހޮސްޕިޓަލްގެ ފަރާތުން” ހުރިހާ ވާހަކައެއް ލުހާއަށް ކިޔައިދިން އިރު ވެސް ޔަލާ ނުބުނީ އޭނާ ދާން އެ އުޅެނީ ރީހާންއާއެކު ކަމެވެ.

“އައި ނީޑް ޔޯ ހެލްޕް… އޯކޭ ތިކަން ނިންމާފައި އައިސް ވިޔަސް… މިއުޅެނީ އަލްސާގެ ދައްތައެއް މީހަކާ އިންނާތީ، އޭނާ ބުނީ ރީތި ވެޑިން ޑްރެސްއެއް ހޯދައިދީބަލާށޭ.. ޔާލް މިކަހަލަ ކަންކަމަށް އެންމެ މޮޅުވާނީ… އަހަރެން ވެސް އެބަޖެހޭ ސަޅި ހެދުމެއް ފަހަން” ލުހާ ބުންޏެވެ.

“ގެއަސްފައި ދެން ތިކަމާ އުޅޭނީ ދޯ….” ޔަލާ މިހެން ބުނެ އަތުކުރީ އޮތް ގަޑިއަށް ބަލާލިއެވެ. ހަތްގަޑި ބައިވައިން ދެތިން މިނެޓަށް ވެއްޖެއެވެ. ލިބެމުންދިޔަ ހާސްކަން ފޮރުވަން ވެސް ޔަލާ މަސައްކަތް ކުރަމުން ދިޔައެވެ. އެހެން ހުއްޓާ ފޯނު ވައިބްރޭޓުވާން ފެށިއެވެ. ގުޅަނީ ރީހާންއެވެ. ޔަލާ ފޯނުކޯލަށް ޖަވާބުދިނީ ގެއިން ނުކުންނަމުންނެވެ. އޭނާއަށް ފަރުވާލެއް ލުހާއަށް ނުދެވުނީ ފޯނު ރިންގުވާން ފެށުމުންނެވެ.

“ހެލޯ… ލުހާ… ވަރަށް ބޮޑުވާހަކައެއް ބުނަން މިގުޅީ…” ފޯނުގެ އަނެއްކޮޅުން ވާހަކަދެއްކީ އަލްސާއެވެ.

“ކިހިނެއްވީ؟ ވެޑިން ކެންސަލްވީތަ؟” ލުހާ ބުނެލިއެވެ.

“އެހެނެއްނޫން! އަހަރެން ބުނީމެއްނު ދޮންބެގެ ފްރެންޑެއް ޖޮބެއް ހޯދަން އުޅޭ ވާހަކަ… އޭނާ އެއަރޕޯޓަށް ވަންނަނީ އޯ.. ހުރިހާ ކަމެއް ކޮންފާމްވެއްޖެ… މަތީ އޮފީހުގަޔޯ މަސައްކަތް ކުރާނީ… އޯ ގޯޑް… އައި އެމް ސޯ އެކްސައިޓެޑް…” އަލްސާއަށް ވެފައި ހުރިވަރު އޭނާ ފޯނުން ވާހަކަދައްކަމުން ދިޔައިރު އެ އަޑުން ރަނގަޅަށް ވެސް ދޭހަވެއެވެ.

“ހޫން…ހޫން… އެލީގެ ކްރަޝް ދޯ… ސާފް ބޯއީ… ރަނގަޅެއްނު، ދެން ކޮންމެ ދުވަހަކު އެލީއަށް ފެންނާނެއެއްނު…” ލުހާ ދިމާކޮށްލިއެވެ.

އަލްސާ ގުޅި ފަހަރު އޭނާ ހަވާލުކޮށްފައި އޮތް މަސައްކަތް ކުރިއަށް ދާކަމުގައި ވެސް ލުހާ ބުންޏެވެ. އޭނާ ފޯނުގައި އިންދާ ގޯތިތެރެއިން ބުޅަލެއް ހޭރިގަތް އަޑު އިވިގެން ސިޓިންރޫމު ދޮރާ ދިމާއަށް ނަޒަރު ހިންގާލެވުނީ ސިހިފައެވެ.

“އޭތް! ބުޅަލެއް ކޯޅޭ އަޑު ކަހަލަ އަޑެއް އިވިއްޖެ… އަހަންނަށް ހީވަނީ ގޭތެރެއަށް ބުޅާތަކެއް ވަދެގެން އުޅެނީހެން… މަޑުކުރައްޗޭ ފޯނު ކަނޑާނުލާ، މި އަންނަނީ ދޮރުލައްޕާފައި، އެހެންނޫނީ ފޯނުގައި އިންދާ ގޭތެރެއަށް އައިސް ވަދެދާނެ” ލުހާ މިހެން ބުނެފައި ކުރިމަތީ ހުރި ކުޑަމޭޒުގައި މަތީ ފޯނު ބާއްވައިފައި ސިޓިންރޫމު ދޮރުލައްޕަން އުޅުނެވެ. އެވަގުތު ކަޅު ބޮޑު ހިޔަންޏެއް ދޮރުމަތިން ހުރަސްކަނޑާލިހެން ހީވެ ލުހާ ސިހިފައި ފަހަތަށް ފިޔަވަޅު އަޅާލެވުނެވެ. ދޮރޯށްޓާ ދިމާއަށް ބަލާލީ މީހަކު ވަންނަން އައީ ކަމަށް ހީކޮށެވެ. ދިއްލާފައި ހުރި ބޮކިން ގޯތިތެރެ އެއްކޮށް އަލިވެފައި އޮތުމުން ހުރިހާ ހިސާބެއް ވެސް ސާފުކޮށް ލުހާއަށް ފެނެއެވެ. އެއްވެސް އެއްޗެއް ފެންނަން ނެތުމުން އަވަސްއަވަހަށް ސިޓިންރޫމު ދޮރުލައްޕާލިއެވެ. އެހެންނަމަވެސް އެއްކޮށް ދޮރުނުލެއްޕެނީސް ލުހާގެ ލޮލުގައި އަޅައިގަތީ ދޮރުމަތީ އިށީނދެގެން ދޮރާ ދިމާއަށް ބަލަން އިން ކަޅު ބޮޑު ބުޅަލެވެ. ސިހިފައި ހަޅޭލަވައިގަތުމާއެކު ދޮރު ބަންލާފައި ލުހާ ޖެހިއެވެ. މޭގަނޑު ތެޅިތެޅި އޮއްވާ އަވަސްއަރުވާލާފައި ދޮރުތަޅުލާފައި ކުޑަދޮރުތައް ވެސް ރަނގަޅަށް ލެއްޕިފައި ހުރި ތޯ ބަލައިފިއެވެ. ހަމަޖެހުމުގެ ނޭވާއެއްލެވުނީ ދެނެވެ. އަލްސާގެ ފޯނުކޯލު މަތިން ހަނދާންވުމާއެކު އައިސް ސޯފާގައި އިށީނދެ ފޯނުން ވާހަކަދައްކަންފެށިއެވެ. އަދި އޭނާއަށް ފެނުނު ބުޅަލުގެ ވާހަކަ އަލްސާއަށް ކިޔައިދިނެވެ. އެހެން އިން އިރު ވެސް ލުހާ އިނީ ސިޓިންރޫމު ދޮރު ފެންނާނޭހެންނެވެ.

އެއަރޕޯޓުގައި ހުރި މެޑިކަލް ސެންޓަރަށް ވަދެފައި އެތަނުގައި ތިބޭ ދެ ޑޮކްޓަރުންނާއި ވާހަކަދެއްކުމަށްފަހު ހޮސްޕިޓަލުން ގެނައި އިންޖެކްޝަންތަކެއް ލިޔެކިޔުންތަކާއެކު އެ މީހުންނާ ރީހާން ހަވާލުކުރިއެވެ. އެ ހުރިހާ އިރު ރީހާންއާއެކު ޔަލާ ހުންނަން ޖެހޭނެ ކަމަކަށް އޭނާއަކަށް ނުފެނެއެވެ. އެހެންނަމަވެސް ރީހާންގެ ނިންމުމަށް ސުވާލުނުކުރާން ވެގެން ޔަލާ ހިމޭނުން ހުރީއެވެ. މެޑިކަލް ސެންޓަރުގެ މީހުންނަށް ރީހާންއާއެކު އައިސް ހުރި ޔަލާ ތަޢާރަފުކޮށްދިނެވެ. ރީހާން އައި ބޭނުން ނިމުމުން އޭނާ ޔަލާ ގޮވައިގެން އައީ އެއަރޕޯޓުގައި ހަދާފައި ހުރި ރެސްޓޯރެންޓަށެވެ.

“މިތަނަށް ކީއްކުރަން؟ އަދި އިތުރު މީޓިންގއެއް އޮތީތަ؟” ޔަލާ ސުވާލުކޮށްލިއެވެ.

“ހާދަ ހާސްވީ… އަހަންނަށް އިތުބާރު ނުކުރެވެނީތަ؟ ހިނގާބަލަ އަހަންނާއެކު” ކުޑަކޮށް ހިނިތުންވެލާފައި ރީހާން ބުންޏެވެ. އޭނާ އެފަދައިން ވާހަކަދައްކާ ކޮންމެ ފަހަރަކު ޔަލާއަށް ބުނާނޭ އެއްޗެއް ނޭނގި އަނގަ ބަންދުވެއެވެ.

ރީހާންއާއެކު ރެސްޓޯރެންޓް ތެރެއަށް ވަދެގެން އައިސް ހުސްކޮށް ހުރި މޭޒެއްގެ ދޮށުގައި އިށީނުމަށް ޔަލާއަށް ރީހާން އިޝާރާތްކޮށްލިއެވެ. ދެން ވެސް ހިމޭންކަން ޚިޔާރުކޮށްގެން ހުރެ މޭޒުގެ ދޮށުގައި ޔަލާ އިށީނދެއްޖެއެވެ. އޭނާގެ ކަނާތްފަރާތުގައި ހުރި ގޮނޑީގައި ރީހާން އިށީނެވެ.

“މި ތަނުން ކޮފީ ވަރަށް މީރުކަމަށްވަނީ، މިއައީ ހަމަ ކޮފީއެއް ބޯލައިގެން ގެއަށްދާން ވެގެން… ޔަލާ ވެސް ތިހެން ނީނދެ އެއްޗަކަށް އޯޑަރު ދޭންވީނު” ރީހާންމެން ތިބި މޭޒަށް ރެސްޓޯރެންޓުގެ މެނޫތައް ވެއިޓަރަކު ގެނެސްދިނުމުން އެ ބަލަން އިނދެފައި ބުންޏެވެ. އެއަޑު އިވޭކަމަށް ޔަލާ ނުހެދިއެވެ. އެކަމުން ރީހާންއަށް އުނދަގޫވިއެވެ. އޭނާ ކުރިމަކީ ޔަލާ އަނގައިން ނުބުނުމުން ދެ މީހުންނަށް ވެސް އޯޑަރު ދިނީއެވެ.

“ހިތްހަމަނުޖެހިފައި އިންހެން ހާދަ ހީވެޔޭ… ކޮބާ މައްސަލައަކީ” ރީހާން އަހާލިއެވެ.

“ރީހާން ތީ އަހަރެންގެ ބޮސްކަން އަހަރެން ހަނދާންނައްތާލާކަށް ބޭނުމެއްނޫން، ހަމައެގޮތަށް ރީހާން ވެސް އެކަން ހަނދާންނައްތާނުލާނެކަމަށް އަހަރެން ހީކުރަނީ” ޔަލާ މަޑުމަޑުން ބުނެލިއެވެ.

“ބޮސް… ބޮސް… އެއީ ތަ ހަމައެކަނި ރީޒަންއަކީ އަހަންނާ ޔަލާ ރަޙުމަތްތެރިކަން ބާއްވަން ބޭނުންނުވާ، އަހަންނަށް އެނގެނީ މަޤާމުގެ ފަރަގު ހުރެގެން ރަޙުމަތްތެރިންނަށް ނުވެވުމަކީ ވަލިޑް ރީޒަންއެއް ނޫންހެން، އަހަންނަށް ހީވަނީ ޔަލާ އަހަރެންދެކެ އެހެންމީހުންނަށްވުރެ ބޮޑަށް ފޫހިވަނީހެން… އަހަރެން ފެނުނީމާ ވެސް ޔަލާއަށް ނުބައިގޮތްތަކެއްވޭ… އަވަހަށް އުޅޭނީ އަހަންނަށް ފިލަންވެގެން… ތިޔަކަހަލަ ވިސްނުންތަކަށް ތާބާވާ ވަރަށްވުރެ ޔަލާއަކީ ތަންދޮރު އޮޅުންފިލާފައި ހުރި ކުއްޖެއްކަމަށް އަހަރެން ދުށީ…” ރީހާންގެ ވާހަކަ ހުއްޓާލިއެވެ. އަދި ޔަލާއަށް މައުނަވީ ގޮތަކަށް ބަލާލިއެވެ. އޭނާ އިސްޖެހިގޮތަށް އިނގިލިތަކާ ކުޅެން އިނެވެ.

“ރީހާން، އަހަންނަށް މިވާހަކަ ދައްކާކަށް ފަސޭހައެއްނޫން… އެކަމަކު ތެދަށް ހުރިހާ ވާހަކައެއް އަހަރެން ބުނަން ބޭނުން، އޭރުން ކަންނޭނގެ ރީހާންއަށް ވިސްނޭނީ…” ހިމޭންކަން ދިގުލައިގެން ދާން ފެށުމުން ޔަލާ މަޑުމަޑުން ވާހަކަދެއްކިއެވެ.

“ތިބުނާ ހަޤީޤަތަކީ ކޮބާތަ؟ އަހަރެން މި އިނީ އަޑުއަހަން” ޔަލާއަށް ނަޒަރު ހުއްޓާލަމުން ރީހާން ބުންޏެވެ.

“އަހަރެން… އަހަރެން ރީހާންދެކެ ފޫސެއްނުވޭ… ބައެއްފަހަރު އަހަންނަށް ހީވަނީ ރީހާން އަހަރެންގެ ފަރާތުން އެކުވެރިކަމަށްވުރެ ގާތް ގުޅުމެއް އުފައްދަން ބޭނުންވާހެން، އަހަރެން… އަހަރެން އުޅެނީ ކުއްޖަކާ ރައްޓެހިވެގެން، ވަރަށް ސީރިއަސްކޮށް، އަހަރުމެން ދެ މީހުން ވެސް ބޭނުންވަނީ މެރިޔޭޖްއާ ހަމައަށް އަހަރުމެންގެ މި ގުޅުން ގެންދަން….” ޔަލާގެ ވާހަކަ މެދުކަނޑާލީ ރީހާން ކުރި ސުވާލުންނެވެ.

“ތީ ކުރާ ސަމާސާއެއްތަ؟  ނޫނީ ޔަލާ ދޮގު ހަދަން ވެސް ފެށީތަ؟”

“މީ ސަމާސާއެއްނޫން އަދި ދޮގެއް ވެސް ނުހަދަން… ރީހާން ގާތު ބުންޏަސް ހިޔެއްނުވޭ އެއީ ކާކުކަން އެނގޭނެހެން، އެހެންވިޔަސް މިބުނަނީ… އަހަރެން ރައްޓެހިވެގެން އުޅޭ ކުއްޖާއަށް ކިޔަނީ ޒާލް… މިރަށުކުއްޖެއް” ޔަލާ ބޭނުންވީ ރީހާންއަށް ހުރިހާ ކަމެއް އެނގި އޭނާގެ ހިތުގައި ޔަލާގެ މައްޗަށް ޚާއްޞަކަމެއް އުފެދިފައިވާނަމަ އެކަމަށް ނިމުމެއް ގެންނާށެވެ.

“ތިޔަހެންވީރު ޔަލާގެ ބޯއީފްރެންޑް ޤަބޫލު ނުވަނީތަ ފިރިހެން ރައްޓެހިން ގެންގުޅެން” ރީހާން އިރުކޮޅަކު އިނުމަށްފަހު ބުންޏެވެ.

“ނޫން! ނޫން! އޭނާ އެކަހަލަ ކަންކަމާ ނުބެހޭނެ…” ރީހާން ބުނި އެއްޗަކުން ޔަލާ އަނގަސަކަރާތްވާ ގޮތްވީއެވެ. ކުއްލިއަކަށް ރީހާންއާ މެދު އޭނާއަށް ހީކުރެވިގެން އުޅެނީ ގޯސްކޮށޭ ހީވާންފެށިއެވެ. ރީހާން އޭނާދެކެ ލޯބިވުމާއި ރައްޓެހިވާން ބޭނުންވާކަން ހާމަކޮށްފައި ނުވާއިރު އެގޮތަށް ޔަލާ ހީކޮށްގެން ނުވާނޭކަމުގައި ޚުދު ޔަލާގެ ޟަމީރު ބުނަންފެށިއެވެ. އެހެންވެ ދެކެވުނު ވާހަކައިން ލަދުގަންނަ ގޮތް ވެއްޖެއެވެ.

“ރަޙުމަތްތެރިކަން ބާއްވަން އަހަރެން ބޭނުން… ދެން ރަޙުމަތްތެރިންނަކީ ކޮންކަހަލަ ބައެއްކަން ޔަލާއަށް އެނގޭނެހެން ހީވަނީ، ބައެއްފަހަރު ރަޙުމަތްތެރިން ބުނާގޮތް ވެސް ހަދަންވާނެ… ރަޙުމަތްތެރިންގެ ގޮތުގައި އެޓްލީސްޓު އަހަރުމެންނަށް މިގޮތަށް އެއްމޭޒެއްގެ ދޮށުގައި ތިބެ ވާހަކަދައްކާލާ އެއްޗެއް ކާލާ ނޫނީ ބޯލާ ހެދެންވާނެ… އަހަރެން ޔަލާގެ ގާތުގައި ރައްޓެހިވާން އަހާފާނެތީ އެއްގޮތަކަށް ވެސް ބިރުނުގަނޭ… އެކަހަލަ ވާހަކައެއް އަހަރެން ނުދައްކާނަން… އެހެންވީމަ ކީކޭ ޔަލާ ބުނަނީ؟ އަހަންނަށް ޔަލާގެ ފްރެންޑަކަށް ވެވިދާނެތަ؟” ރީހާން ހަމަޖެހިލާފައި އިނދެ ވާހަކަދެއްކިއެވެ. އެހެންނަމަވެސް އޭނާގެ ހިތުގެ ހާލު އޭނާ ވަނީ ފޮރުވާލާފައެވެ. ލިބުނު ޝޮކުން އޭނާ އަރައިގަނެ ނަފްސު ހަމައަކަށް އެޅުވީ ރީހާންއަކީ އޭނާގެ އިހުސާސްތައް އަބަދުވެސް ފޮރުވަން ކުޅަދާނަ ޒުވާނަކަށް ވީމައެވެ.

ރީހާންއަށް ހުރިހާ ވާހަކައެއް ޚިއްޞާކުރެވުނީތީ ޔަލާ ހިތްހަމަޖެހުނެވެ. މިހާރު ދެން އޭނާއަކީ މީހެއްގެ ވާންއުޅޭ ހައްޤެއްކަން ރީހާންއަށް ރަނގަޅަށް އޮންނާނީ އޮޅުންފިލާފަތާއެވެ. އެހެންވީމަ އޭނާގެ ފަރާތުން ޔަލާ ހިތްހަމަނުޖެހޭނޭ ކަމެއް ނުފެންނާނޭކަމުގައި ޔަލާ ޤަބޫލުކުރިއެވެ. ރަޙުމަތްތެރިކަން ބާއްވަން ރީހާންއަކީ ރަނގަޅު ޒުވާނެކެވެ. ޔަލާ އެކަމަށް އެއްބަސްވީ އެހެންވެއެވެ. ރައްޓެހިންގެ ގޮތުގައި ރަނގަޅު ހަރުދަނާ ޒުވާނުން ތިބުމަކީ ތިމާއަށް ވެސް އެކަމުން ރަނގަޅު ފައިދާ ކުރާނޭ ކަމެއްކަން ޔަލާ ޤަބޫލުކުރެއެވެ.

ރޭގަނޑުގެ ކެއުމަށްފަހު މިރޭ ވެސް ގޯތިތެރޭގައި ކުޅިވަރު ކުޅުން އޮތެވެ. ނަމަވެސް ޒަލަފް މަސައްކަތް ކުރީ ބެހެމަތް ފެނޭތޯއެވެ. ދެން ވެސް އޭނާއަށް ކާމިޔާބުވާގޮތެއް ނުވިއެވެ. އަތުގައި އޮތް ފޯނަށް ކޯލެއް އަންނަން ފެށުމުން ޒަލަފް ފޯނު ހިފައިގެން ޖެހުނީ އެއްފަރާތަކަށެވެ. އެކަން ރަޚަބްއަށް އެނގުނެވެ. އޭނާގެ ގާތުގައި އިން ޒަރަސް ވެސް އިނީ ބަލާށެވެ.

“އަހަންނަށް ފެންނަނީ އެ ފޯނު އޭނާގެ އަތުން އަތުލަން… އަހަރުމެންނާއެކު އުޅޭ ދުވަސްތަކުގައި އެހެންމީހުންގެ އެއްވެސް ނުފޫޒެއް ޒަލަފްއަށް ފޯރުމަކީ މާ ރަނގަޅުވާނެ ކަމެއްހެން ހިޔެއްނުވޭ” ރަޚަބްގެ ކަންފަތާ ކައިރިވެލާފައި ޒަރަސް ބުންޏެވެ.

“އެކަމަކު ކިހިނެއް އޭނާ އަތުން އެ އަތުލާނީ، ކީކޭ ބުނާނީ ވެސް” ރަޚަބް ބުންޏެވެ.

“ފަސޭހައެއް ނުވާނެ… އެކަމަކު އަހަންނަށް ފެންނަނީ ރީތިކޮށް ބުނަން، ބުނޭ އަހަރެން ރުހޭ ކަމެއްނޫންވީމައޭ… މިތަނުގައި މީހުން ފޯނު ބޭނުންކުރާތަނެއް ނުފެނެއެއްނޫންހޭ، ޒަލަފްއަށް ކަންކަން ދަސްވާނީ ވެސް އޭރުންނޭ” ޒަރަސް މިހެން ބުނުމުން ރަޚަބް ބޯޖަހާލިއެވެ.

ކޮޓަރީގައި ހުރި ބޮޑު ކުޑަދޮރުން ގޯތިތެރޭގައި ހިނގާ ކަންކަން ޒަލަފްއަށް ފެނެއެވެ. އޭނާ ފޯނު ގެނެސް ކަންފަތުގައި ޖައްސާލުމާއެކު ވާހަކަދެއްކިއެވެ. ޒަލަފްއަށް ގުޅީ ޒާލިފެވެ. އަރީޝާ ބުނެގެންނެވެ. ދަރިފުޅުގެ މަތީން ހަނދާންވާތީއެވެ. ޒަލަފްއާ ވަރަށް ގިނަ ޝަކުވާ އަރީޝާ ކުރިއެވެ. ރަޚަބްމެން ގާތަށް އާދެވުނީމާ މިހާރު އަރީޝާގެ މަތިން ހަނދާންނެތުނީއޭ ކިޔާފައެވެ. މަންމަގެ ދެރަވެފައި ހުރި އަޑު ޖެހުމުން މަންމަގެ ގާތަށް ދިއުމަށް ޒަލަފްގެ ހިތް ވެސް އެދުނެވެ. އެއާއެކު އޭނާގެ ސިކުނޑިއަށް ޚިޔާލެއް ވެސް ވަނެވެ. އަރީޝާގެ ގާތުގައި ދެރަނުވުމަށް ބުނެފައި ޒަލަފް ފޯނުކޯލު ކުރުކޮށްލިއެވެ. އޭނާގެ ސިކުނޑީގައި މޮޅު ރޭވުމެއް ރާވާލިއެވެ.

ކުރިން ރޭގައި ޔަލާ ކައިރިއަށް ދިއުމަށް ޒަލަފް ހެދިހެން އޭނާ ލޯ މަރާލާފައި އުޅެ ބޮޑުވި ގޭގެ މަތިން ހަނދާންކުރަންފެށިއެވެ. ލޯ ކުރިމަތީ ކުރެހިގެން ދިއުމާއެކު ޒަލަފް ލޯ ހުޅުވާލިއެވެ. އޭރު އޭނާއަށް ހުރެވުނީ ބެހެމަތް އައިސް ހުންނަ ބޮޑު ގަސް ކައިރީގައެވެ. އަތުގައި އޮތް ދަބަސް ހިފައިގެން ގޭޓާ ދިމާއަށް އައެވެ.

“ޒަލަފް…” ފެންގަނޑުގެ ކައިރީ އިން ޒާލިފަށް ޒަލަފް ފެނިގެން ދުވެފައި އައެވެ. ގޭޓުން ވަދެގެން ޒަލަފް އައިގޮތަށް ޒާލިފުގެ ގައިގާ އޮޅުލައިގަތެވެ. އުފަލުން ހެމުންނެވެ.

“ތި އައީތަ؟ ދެން ނުދާގޮތައްތަ؟” ޒާލިފު ސުވާލުކުރިއެވެ.

“އަހަރެން އައިކަމެއް އެކަކަށް ވެސް ނޭނގޭނެ، މަންމަ ދެރަވެގެން އުޅޭތީ މިއައީ… ކޮބާ މަންމަ؟ ނިދީތަ؟” ޒަލަފް ވާހަކަދެއްކިއެވެ. އޭނާއަށް އެތެރެއަށް އައުމަށް އިޝާރާތްކުރުމާއެކު ޒާލިފު ވެސް ހިނގައިގަތެވެ.

“މަންމާ….” ތަންކޮޅެއް ބާރަށް ޒާލިފު ގޮވާލިއެވެ. އެ އަޑަށް ކޮޓަރީގައި ތިބެފައި އަބްދުއްރަޢޫފުއާއި އަރީޝާ ނުކުތެވެ. އެ މީހުންނަށް ޒަލަފް ފެނުމާއެކު މޫނުމަތިން އުފާވެރިކަން ފައުޅުވެގެން ދިޔައެވެ. އަރީޝާ އައިގޮތަށް ދަރިފުޅުގެ ގައިގާ އޮޅުލައިގަނެއްޖެއެވެ. ޒަލަފްގެ ގައިގާ ފިރުމަމުން އޭނާއަށް އަރީޝާ ބަލަން ހުއްޓެވެ.

“ދެން މަންމަ ކައިރީ މަޑުކުރަންވީނު” އަރީޝާ ބުންޏެވެ.

“މަންމާ، ކުރިން ވެސް އަހަރެން ބުނީމެއްނު، ތީ އަހަރެންގެ މަންމައޭ… މަންމަ ދޫކޮށެއްނުލާނަމޭ… އަހަރެން މިރޭ އައިކަމެއް އެ މީހުންނަކަށް ނޭނގޭނެ، މަންމަ ދުށުމަށް މިއައީ… ބައްޕައަށް އެނގުނަސް އެނގޭ މަނާ ނުކުރާނެކަން… އަހަންނަށް އެއްވެސް ކަމެއް މަނައެއްނޫން… އެމީހުންގެ ތެރޭގައި އުޅެން އަދި އަހަންނަށް ދަހެއްނުވޭ، އެކަމަކު މިހާރު އެނގޭ ބައެއްކަންކަން ކުރަން… އަހަރުމެންގެ ދިރިއުޅުމާ އެ މީހުންގެ ދިރިއުޅުމާ މާބޮޑު ތަފާތެއް ނުހުރޭ…” ޒަލަފްގެ އަތުގައި ހިފައިގެން އަރީޝާ އައިސް ސޯފާގައި އިށީނެވެ. އަދި ދަރިފުޅުގެ ވާހަކަތައް ޝައުގުވެރިކަމާއެކު އަޑުއަހަމުން ދިޔައެވެ. އެހެން އިންއިރު ބައެއްފަހަރަށް އޭނާގެ ހިތުގައި ރަޚަބްއަށް އުފެދިފައިވާ ނަފުރަތުގެ ތެރެއިން މުޅިން އެހެން އިހުސާސެއް ވެސް ކުރެވުނެވެ. އެއްއިރެއްގައި އޭނާ މުޅި ދުނިޔޭން ވެސް އެންމެ ލޯބިވާ މީހަކީ އެއީއެވެ. ވީއިރު އެފަދަ އިހުސާސެއް ކުރެވުމަކީ ވެދާނޭ ގޮތެކެވެ.

“އެހާ ގިނައިރަކު އިނދެވޭކަށްނެތް… އެމީހުން ހޯދަން އަތުވެދާނެ… މަންމާ… ދެން އަހަރެން ދަނީ، އެކަމަކު މަންމަ ދެރަނުވާތި، އަހަރެން އަންނާނަން މަންމަ ގާތަށް” ޒަލަފް ބުނެލިއެވެ.

ޒަލަފް ކޮންމެހެން އެނބުރި ރަޚަބްމެން ގާތަށް ދިއުމުގެ ވިސްނުމެއްނެތެވެ. އޭނާ އަރީޝާއާ ވަކިވުމަށްފަހު އައީ ޔަލާ އުޅޭ ގޭ ކައިރިއަށެވެ. މިރޭ ވެސް އޭނާ ބޭނުންވަނީ ޔަލާއާ ބައްދަލުކޮށްފައި އެނބުރި ދާށެވެ.

“ނުކެރޭނެ ނުކުންނާކަށް… ފާޑެއްގެ ބުޅަލެއް އަބަދު މިގޭ ދޮށުގައި އޮންނަނީ، އޭތި ހީވަނީ އަހަރެން ރޮލާ ކާލަން އުޅޭހެން” ޒަލަފްއާ ފޯނުން ވާހަކަދައްކަން ހުރެފައި ޔަލާ ބުންޏެވެ.

“ބުޅަލެއްދެކެ ބިރުންތަ ނޫނީ އަހަންނާ ބައްދަލުނުކުރަން ނުކެރިގެންތަ ތިއުޅެނީ” ޒަލަފް ބުންޏެވެ.

“ސީރިއަސްކޮށޭ ޒާލް، އަހަރެން ވަރަށް ބިރުގެންފައި މިހިރީ… މިހާ ދަންވަރު ކޮންމެރެއަކު ބޭރަށް ނުކުންނާކަށް ވެސް ނުވާނެ…” ޔަލާ އެއްގޮތަކަށް ވެސް ނުކުންނާކަށް ޤަބޫލެއްނުވިއެވެ. އެންމެފަހުން ޒަލަފް ގޮތެއް ނިންމިއެވެ.

“ޔަލާގެ ކޮޓަރިއާ ހަމައަށް އަހަރެން ގޮސްފިއްޔާ ވައްދާނަންތަ؟” ޒަލަފް ބުނެލިއެވެ.

“މިގެއަށް ވަގަށް ވަންނަންތަ ތިއުޅެނީ؟” ހިނިއައިސް މަޖާވެފައި ހުރެ ޔަލާ އަހާލިއެވެ. ޒަލަފްއަށް އެ ފަދަ ކަމެއް ކުރާން ކެރިދާނެބާއޭ ޔަލާގެ ހިތަށް އަރަމުންދިޔައެވެ.

“ދެން ލޯބިވެރިޔާ ނުނިކުތީމާ އޭނާ ހުރި ހިސާބަކަށް ދާކައްނު ޖެހޭނީ، ބުނެބަލަ… އަހަރެން ޓަކިޖަހައިފިއްޔާ ހުޅުވާނަންތަ؟” ޒަލަފް ބުންޏެވެ.

“މި ހިސާބަށް އާދެވުނިއްޔާ އެތެރެއަށް ވައްދާނަން، ނުކެރޭނެކަމައްތަ ހީކުރަނީ” ޔަލާ މިހެން ބުނުމުން ޒަލަފް ވެސް ހީނގަތެވެ. އެ އަޑުގައިވަނީ ލާނެތްކަމެވެ. ފޯނުކޯލު ކަނޑާލާފައި ޒަލަފްއަށް އިންތިޒާރު ކުރުމަށް ޔަލާގެ ގާތުގައި ބުންޏެވެ.

ދޮރުކައިރީ މަޑުކޮށްލައިގެން ޔަލާ ހުރިއިރު އޭނާގެ ދެ ލޮލުން އާދަޔާ ޚިލާފު ވިދުމެއް ހުއްޓެވެ. ތުންފަތުގައިވި ހިނިތުންވުން އޭނާގެ ހިތުގެ ހާލު ބަޔާން ކުރާ ކަހަލައެވެ. އެހެން ހުއްޓާ ކުއްލިއަކަށް ދޮރުގައި މީހަކު ޓަކިދިން އަޑު އިވިއްޖެއެވެ. ހައިރާންވީ އެހާ އަވަހަށް ދޮރުގައި ޓަކި ދިނީމައެވެ. އެހެންވިޔަސް ކުޑަކުޑަކޮށް ދޮރު ހުޅުވާ ޔަލާ ބޭރު ބަލާލިއެވެ. އެހިނދު ދޮރުމަތީ ލާނެތް ހިންޏެއް އައިސްފައި ހުރި ޒަލަފް ޔަލާއަށް ފެނުނެވެ. އޭނާ ކަނާތުން ދޮރު ފަހަތަށް ވާގޮތަށް މަޑުމަޑުން ކޮށްޕާލާފައި އެތެރެއަށް ވަނެވެ.

“ހީކުރީ އަހަންނަށް ޔަލާއާ ހަމައަށް ނާދެވޭނެކަމަށްތަ؟” އެތެރެއަށް ވަދެ ކޮޓަރީގެ ދޮރު މަޑުމަޑުން ލައްޕާލަމުން ޒަލަފް ބުންޏެވެ. އެއާއެކު ޔަލާގެ ފަރާތުން އިވިގެން ދިޔައީ ލުއި ހީނލުމެއްގެ އަޑެވެ.

އަވަސްވެފައިވާ ހިތް ހަމައަކަށް އެޅޭތޯ ޔަލާ މަސައްކަތް ކުރަމުން ދިޔައިރު ތިރީތުންފަތުގައި ދަތްއަޅައިލައިގެން ހުރެ ޒަލަފްއަށް ބަލަމުން ދިޔައީ އޭނާ ދެން ކުރާނީ ކީއްކަމެއް ނޭނގި ހުރެއެވެ. ޒަލަފްގެ ރަތްކުލައިގެ ކަޅި ހިންގަމުން ދިޔައީ ޔަލާގެ ހަށިގަނޑަށެވެ. އޭނާއަށް ވެސް ޤަބޫލުނުކުރެވިފައި ހުރި ކަހަލައެވެ. މިހާ ކައިރިން ޔަލާ ފެނިދާނެކަމެވެ. އެހެންނަމަވެސް ޔަލާގެ ފަރާތުން އޭނާއަށް ލިބުނު ހަދިޔާއަކީ އިތުރަށް ޔަލާގެ މައްޗަށް އޭނާގެ ހިތް ލެނބިގެން ދިޔަ ކަމެކެވެ. ހިތާއި ހަށިގަނޑުގައި އުފަންވެގަތް އިހުސާސްތައް ހިފެހެއްޓުން ފުރަތަމަ ފަހަރަށް އުނދަގޫ ކަމަކަށް ޒަލަފްއަށް ވެއްޖެއެވެ. ހަށިގަނޑުގެ ވިންދު އަވަސްވެ ޔަލާއަށް އޭނާ ބޭނުންވަނީ ބިރުގަންނަ ދަރަޖައަށެވެ. އޭނާއަކީ އެހާ ބަލިކަށި މީހަކަށް ވާކަށް ޒަލަފް ބޭނުމެއްނުވެއެވެ. އޭނާގެ ޟަމީރު ވެސް ޒަލަފްގެ ވަސްވާސްތަކަށް އަޑުލައިގަތެވެ.

މިރޭ ޒަލަފްގެ އަޖައިބު ކުރުވަނިވި ދެ ލޮލުގައި ޔަލާގެ ނަފްސު ހައްލާލާ ފަދަ ބާރަކާއި މަސްތުކަމެއް ވެއެވެ. ޚާއްޞަކޮށް ކޮޓަރީގައި ހުރި ފަނޑު އަލިކަމުގެ ތެރެއިން އެ ދެ ލޮލުގެ ކަޅިއެކޭ އޮފުއަރައަރާ ހުރި ރޫބީއެކޭ ތަފާތެއް ނެތެވެ. ދޭތެރެއަކުން އެ ދެލޮލުގައި ގޮތް ނޭނގޭ ވިދުވަރެއް ދުވެލާ ކަހަލައެވެ.

“މިރޭ އަހަރެންގެ ހިތް ގޯސްވިޔަސް އަހަންނަށް ޔަލާ މާފުކުރާނެކަމުގައި ހީކުރަން…” ކުރިއަށް ފިޔަވަޅެއް އަޅާލަމުން ޒަލަފް ބުންޏެވެ. އެހިނދު ޔަލާއަށް އޭނާއަށް ހުރެވުނީ ނިދަންލީ ކުރު ސޯޓުކޮޅާއި އަތްކެނޑި ޓީޝާޓުކޮޅުގައިކަން އިހުސާސްވިއެވެ. އަވަހަށް އުޅެވުނީ ހަރުގަނޑުގައި އަޅުވާލާފައި އޮތް ތުވާލި ނަގާށެވެ. ނަމަވެސް ޒަލަފް މާ ހުށިޔާރެވެ. ވިދުވަރެއްހެން އޭނާ ޔަލާގެ އުނަގަނޑުގައި ހިފާ އެ އަތުގެ ތެރެއަށް ގެނެސް ލީ ގޮތުން ޒަލަފްގެ މޭގައި ޔަލާ ތަތްކޮށްލި ފަދައެވެ.

“ކުރިން ރޭ ދިން ފަދަ ހަދިޔާއެއް މިރޭ ނުދޭނަންތަ؟” ވައިއަޑުން ޒަލަފް މިހެން ބުނެލިއިރު އޭނާގެ ހޫނު ނޭވާ ޔަލާގެ ކޯތާފަތަށް އެޅެމުންދިޔައެވެ. ޒަލަފްގެ މޭމަތިން ޓީޝާޓުގައި ހިފަހައްޓައިލައިގެން ހުރި ޔަލާ ރަކިވެގެން ގޮސް މޫނު ފޮރުވާލީ އެ ތަނަވަސް މޭގައެވެ. އެހިނދު އިސްނެގީ ޒަލަފްއެވެ. އޭނާގެ ތުންފަތުގެ ބީހިލުމާއި ތުނިކޮށްހުރި ތުނބުޅީގެ ކަށިއެޅުންތަކުން ޔަލާގެ ހަށިގަނޑުގައި ކަރަންޓުގެ އޮއެވަރެއް އުފެދިގެން ދިޔައެވެ. ދެއަތަށް ޒަލަފްގެ ޓީޝާޓު އިތުރަށް ބޮނޑިކޮށްލެވުމާއެކު ދެ ލޯ މަރާލީ އޭނާގެ ހާލު އެ ދެ ލޯ ބަޔާންކުރާނޭކަން އެނގޭތީއެވެ. ޖާދުވީ ބީހުންތަކުން ޔަލާގެ ނަފްސު ހޭލަމުން ދިޔަ ވަރަކަށް އޭނާގެ ހަށިގަނޑު ޒަލަފްއަށް ގޮވާލަން ފަށައިފިއެވެ. ބޭއިޚްތިޔާރުގައެވެ. އިހުސާސްތައް ނުހިފެއްޓި ޖަޒުބާތުގެ އޮއެވަރުގައި ބެހިގެން ދާން ފަށައިފިއެވެ. ޔަލާއަށް ވެސް ޒަލަފްގެ ކޮންމެ ހަރަކާތަކަށް މަރުޚަބާ ކިޔެނީއެވެ.

ޔަލާގެ ކޮޓަރީގައި ހޭދަވެގެން ދާ ކޮންމެ ހިނދުކޮޅަކާއެކު ޒަލަފްއަށް އޭނާގެ އަމިއްލަ ހަރަކާތްތައް ނުހިފެހެއްޓި ނަފްސުގެ މައްޗަށް އޮތް ބާރު ދޫވަމުން ދިޔައެވެ. ދެ ހަށިގަނޑު ގާތްވަމުން ދިޔަދިޔަހެން ދެ މީހުން ވެސް އެ ހޫނުގައި އަނދައިގެން ދާން ނަފްސު ދޫކޮށްލާފައި ވެއެވެ. ދުވަހަކު ވެސް ފިރިހެނެއްގެ ބީހުން އިހުސާސް ކުރެވިފައިނުވާ ޔަލާގެ ދެއަތުގެ ތެރެއިން ޒަލަފްގެ ޓީޝާޓު ނެއްޓި އޭނާގެ މޫނު އެއްވެސް ހުރަހެއްނެތި ޒަލަފްގެ މޭގައި ޖެހުނެވެ. އޭރު ޒަލަފްގެ ވައަތުގައި އޮތް ޓީޝާޓު އަތުން ދޫވެ ވެއްޓިއްޖެއެވެ. އަވަސްވަމުން އައި ނޭވާއާއެކު ދެ ޖިސްމު ވެސް އެއްކަމަކަށް ކަރުހިއްކައިގަނެފައި ވާ ކަހަލައެވެ. އެއްވެސް ވާހަކައެއް ނުދެކުވުނެއްކަމަކު ދެ މީހުންގެ ދެމެދުގައި ހުއްދަ ހޯދުމާއި ހުއްދަލިބިގަތުމާއި ލޯބި ހާމަކުރުމާއި މިފަދަ އެތައް މުޢާމަލާތެއް ކުރެވެމުންދިޔައީ ނުހަނު އަވަހަށެވެ. ދެ ލޮލާއި ހަރަކާތްތަކުން ދެ ޒުވާނުންމެ ވަނީ ކެތްތެރިކަން ކުޑަވެފައިކަން ހާމަވެއެވެ. ޒަލަފްގެ ހަށިގަނޑުން އާދަޔާ ޚިލާފަށް ހޫނު އާވި އަރާ ފަދަ އިހުސާސެއް ޔަލާއަށް ކުރެވެމުންދިޔަ ނަމަވެސް އޭނާގެ ސިކުނޑިވަނީ ހަމަބުއްދި ފިލާ ގޮސްފައެވެ. ފުންވަމުން ދިޔަ ނޭވާގެ އިތުރުން ދޭތެރެއަކުން ދެ ޒުވާނުންގެ ނުފަރިތަކަމާ ހުރެ ދިމާވާ ކަންކަމުގައި ހީނލާއަޑު ކޮޓަރީގެ ހަތަރު ފާރުގެ ތެރޭ ގުގުމަމުން ދިޔައެވެ. ފަހަރަކަށްވުރެ ފަހަރެއް ޒަލަފްގެ ދެ ލޮލުގެ ކަޅީގެ ރަތްކަން ވެސް ދިޔައީ ގަދަވަމުންނެވެ. އެ މޫނުމަތިން އެހެން ސޫރައެއް ފާޅުވާން އުޅޭންހެން ވެސް ހީވެއެވެ. ނަމަވެސް މަސްތުކަމުގެ އާރެއްގައި ގެބެމުންދިޔަ ޔަލާއަށް ކުޑަވެސް ސަމާލުކަމެއް ޒަލަފްއަށް އަންނަމުން ދިޔަ ބަދަލުތަކަށް ނުދެވުނެވެ. އެއަށްވުރެ އޭނާއަށް ލިބެމުންދިޔަ އުފާވެރިކަން އެތައްގުނައެއް އިތުރުވެގެންވެއެވެ.

އެނދުގެ މަޑުތަންމަތީގައި ޔަލާގެ ހަށިގަނޑު ޖެހުނު ގޮތް ވެސް އޭނާއަށް ނޭނގެއެވެ. ހުރިހާ ކަމެއް ހިނގައިދިޔައީ ހީވެސް ނުކުރާހާ އަވަހަށެވެ. އާދަޔާ ޚިލާފު ބާރެއް އޭނާގެ ސިކުނޑިއާ މިރޭ ކުޅެލީކަން ޔަޤީނެވެ. އަމިއްލަ ނަފްސުގެ މައްޗަށް ސިކުނޑި ހިންގާލެވުނު އިރު ދެ ޒުވާނުންނަށް ވެސް ތިބެވުނީ ރަޖާގެ ދަށުގައެވެ. ޔަލާގެ އިސްތަށިގަނޑު ހޭވި އެ ދޮންމޫނަށް ލޭކުލަ ވެރިވެފައި ވެއެވެ. ވަރުބަލިކަމާއެކު އަނގައިން ނޭވާ ލަމުންދިޔައިރު އެ ތުންފަތް ވަނީ ހިކިގެން ހުޅުވިފައެވެ. ނިތްކުރިން ހިއްލާފައިވާ ދާތިކިތައް ރަޖާގަނޑުގެ ބަޔަކުން ފުހެލުމާއެކު އޭނާއަށް އޮވެވުނީ ޒަލަފްއަށް ބަލާލަން ނުކެރިފައެވެ. އެހެން އޮއްވާ ޒަލަފްގެ ތުންފަތް ޔަލާގެ ކޮނޑުގައި ބީހިލިއެވެ. ދެން ވެސް ހަދާނޭ ގޮތެއް ނޭނގިފައި ޔަލާ އޮންނަން ފެށިއެވެ. ބުނާނީ ކީކޭކަމެއް އޭނާއަކަށް ވެސް ނޭނގެއެވެ. މިފަދަ ކަމެއް ހިނގައިދާނޭ ކަމަކަށް އޭނާއަށް އެއްގޮތަކަށް ވެސް ހީކުރެވިފައެއްނެތެވެ. ޒަލަފްއަށް ޓަކައި އަމިއްލަ ނަފްސާއި ހަށިގަނޑު މިގޮތަށް ދޫކޮށްލެވުނީތީ ޔަލާ ކަންބޮޑުވިއެވެ. އޭނާގެ އެއްވެސް ހިފެހެއްޓުންތެރިކަމެއް ނެތީތީ އެކަމާ ޒަލަފް ހީކުރާނެ ގޮތަކާމެދު މާބޮޑަށް ޔަލާއަށް ވިސްނުން ހިންގާލެވުނީއެވެ.

“ނުރުހުނީތަ؟ ޔަލާ… އަހަންނަށް މިކުރެވުނީ އަހަރެން ކޮށްގެން ނުވާނެވަރުކަމެއް ދޯ… އަހަރެން އެއްގޮތަކަށް މިރޭ އައީ މި ފަދަކަމެއް ކުރާން ހިތުލައިގެންނެއްނޫން… މީ ގަސްދުގައި ކުރިކަމެއްނޫން… ޔަލާ… ވާހަކަދައްކަބަލަ… އަހަރެން ދާންވީތަ… ޔަލާ… އާދޭސްކުރަން… އަނގައިން ބުނެބަލަ… ކޮންމެވެސް އެއްޗެއް ބުނެބަލަ… މިރޭ އަހަރެން ޔަލާދެކެ ވާ ލޯބި އެތައް ގުނައެއް އިތުރުވެއްޖެ… މި ހިނގައިދިޔަ ކަންތަކުގެ ސަބަބުން ޔަލާ އަހަންނާ ވަކިވެދާނެތީ މިހާރު ބިރުގަނޭ… އަހަންނަށް ދެން ޔަލާއާ ވަތްކެއްނުވެވޭނެ… ޔަލާ… ބުނެބަލަ… އިހަށް މިތަނުން އަހަރެން ދާންވީތަ؟” ޔަލާ ވާހަކަނުދެއްކުމުން ޒަލަފް ވަރަށް ބޮޑަށް ހާސްވެ ކަންބޮޑުވިއެވެ. އޭނާއަށް ވެސް ޔަލާއާއި އޭނާއާ ދެމެދު ހިނގައިދިޔައީ ކުޑަކުޑަ ކަމެއްނޫންކަން އިހުސާސްކުރެވެއެވެ. ނަމަވެސް އެއީ ލޯބީގެ އިންތިހާކަމުގައި ޒަލަފްއަށް ހީވިޔަސް ޔަލާގެ ސިކުނޑީގައި ވަނީ ކީކޭކަމެއް ނޭނގޭތީ ޒަލަފް ނުތަނަވަސްވަނީއެވެ. ޔަލާ އަނގައިން ނުބުނުމުން ޒަލަފް އަވަސް އަވަހަށް އެނދުން ފޭބިއެވެ. އަދި އޭނާގެ އެ ކޮޓަރިއަށް އައިއިރު ލައިގެން ހުރި ޓީޝާޓާއި ސޯޓު ލުމާއެކު އެ ކޮޓަރިން ނުކުތުމަށް އުޅުނެވެ.

“ޒާލް…” ދޮރާ ދިމާއަށް ޒަލަފް ހިނގައިގަތް ވަގުތު ޔަލާ ގޮވާލިއެވެ. ޒަލަފް އެނބުރި ޔަލާއަށް ބަލާލުމާއެކު ޔަލާ ކަނާތް ދިއްކޮށްލިއެވެ. އަވަސްއަވަހަށް ޒަލަފް އައިސް ޔަލާގެ ގާތުގައި އެނދުގެ މަގަތުން އިށީނދެ އެ އަތުގައި ދެ އަތުން ހިފާލިއެވެ.

“އަހަރެން ވެސް ހުރީ މިހެން ވާނެ ކަމަކަށްނޫން… އެކަމަކު… މިހެންމިވީ އަހަންނަށް ޒާލްގެ މައްޗަށް އޮތް އިތުބާރެއްގެ ބޮޑުކަމުންކަން ޔަޤީން… ޒާލްތީ އަހަރެންގެ ފުރަތަމަ ލޯބި އަދި އަހަރެންގެ ހަމައެކަނި ލޯބި  ވެސް މެ… ތެދަށް ބުނަންޏާ އަހަރެންގެ ހިތުގައި މިވީ ކަންތަކާ މެދު އެއްވެސް ޝަކުވާއެއްނެތް… މީ އެކަކު ވެސް އަނެކަކަށް ލަނޑެއްދޭން ކުރިކަމެއްނޫނެއްނު… ލޯބިވާ ދެ މީހުން މާ ގާތްވީމާ ދެން ވާނީ މިކަހަލަ ކަމެއްކަންނޭނގެ… ޔަޤީނުން ވެސް މިފަހަރު އަހަރުމެންނަށް މިވީ އެހެން… ނޫންތަ؟” ޒަލަފްގެ އަތުތެރޭގައި އޮތް އަތްތިލައަށް ބަލަހައްޓައިގެން އިނދެ ވާހަކަދައްކާ ނިންމާލަމުން އޭނާއާ ހަތަރުކަޅި ޔަލާ ހަމަކޮށްލިއެވެ. އެއާއެކު ޒަލަފްގެ ތުންފަތުގައިވި ހިނިތުންވުން ޔަލާގެ ހިތަށް ފިނިކަން ލިއްބައިދިނެވެ. މަޑުމަޑުން ޔަލާގެ ދަތްތޮޅީގައި ހިފާ ކުރިއަށް ޖައްސާލަމުން އޭނާގެ ނިތުގައި ޒަލަފް ބޮސްދިނެވެ.

“މީ އަހަރުމެން ދެމީހުންގެ ދެމެދުގައި ބާއްވާނެ ސިއްރެއް… އަހަރެން ވެސް އަހަރެންގެ އަމިއްލަ ނަފްސު ދެން ފަހަރަކުން ކޮންޓްރޯލު ކުރާނަން…” މިހެންބުނެ ޒަލަފް ލުއި ގޮތަކަށް ހީނލިއެވެ.

“ޔޫ ބެޓާ…” ޔަލާ ވެސް ހީނލާފައި މިހެންބުނެ ޒަލަފްގެ ނިތުގައި ނިތްކުރި ޖައްސާލިއެވެ.

“އަހަރެން ހިތަށް އަރާ އަހަރެން ޔަލާދެކެ ލޯބިވާވަރު ބުނެދޭނީ ކިހިނެއްބާއޭ… ދުލުން ބުނެލިޔަސް އަހަރެންގެ ހިތް އެވަރުން ނުފުރޭ… ދުނިޔެމަތީން ކޮންކަމެއްބާއޭ ހިތަށް އަރާ ޔަލާއަށްޓަކައި ކޮށްދޭނީ… މިހާރު އަހަރެންގެ ހުރިހާ އުފަލަކީ ތީ… ބޭނުންވަނީ އަބަދު ޔަލާ ފެންނަ ހިސާބުގައި އުޅެން” ޒަލަފް އެނދަށް އަރާ ހެޑުބޯޑުގައި ލެނގިލުމާއެކު ޔަލާ ގެނެސް ގާތްކޮށްލިއެވެ.

“މިރޭ މި ހިނގައިދިޔަ ކަންތައް ތަކުރާރު ކުރުމަކީ އެއްގޮތަކަށް ވެސް ރަނގަޅުކަމެއްނޫން، އަނެއްކާ ޒާލް ތިގޮތަށް މި ކޮޓަރިއަށް ވަންނަނިކޮށް މަންމައަށް ފަޅާ އަރާފާނެތީ އަހަރެން ބިރުގަނޭ… މަންމަ އަހަންނަށް ވަރަށް އިތުބާރުކުރާނެ… އަހަރެން ވެސް ހިޔެއްނުކުރަން ދުވަހަކު ވެސް އަހަރެންގެ ބޯއީފްރެންޑް މިގޮތަށް ވަގަށް އަހަރެންގެ ކޮޓަރިއަށް ވައްދާނެއެކޭ… ނުވާންވީ އެތައްކަމެއް މިރޭ ވެއްޖެ… ޒާލް… އަހަރެން ވެސް މިހާރު ބޭނުންވަނީ ޒާލްއާއެކު އަބަދުވާން… ހިނގާ އަހަރުމެން ކައިވެނި ކުރާން، އަހަރެންގެ މަންމަ އަހަރެން ރުހޭ ހުރިހާ ކަމަކަށް ރުހޭނެ… އަހަރެން ބޭނުން މަންމަ ގާތު ޒާލްގެ ވާހަކަ ބުނަން… އެންމެ ރަނގަޅުތަ؟” ޔާލާ ދައްކަމުން ދިޔަ ވާހަކައަށް ޒަލަފް ޚާއްޞަ ސަމާލުކަމެއް ދިނެވެ.

“އަހަރެން ވެސް ބޭނުން ޔަލާއާ ކައިވެނިކުރަން، އެކަމަކު އަދި އަހަންނަށް ރަނގަޅީ ކުޑަ ދުވަސްކޮޅަކު މަޑުކޮށްލަ ދިނިއްޔާ، އަހަރެން ޔަލާ ގާތު ބުނަން ބޭނުން ވާހަކަތަކެއް ވެސް އެބަހުރި… އެ ވާހަކަ މިރޭ ދައްކާކަށް ބޭނުމެއްނޫން…” ޔަލާގެ އަތުގެ އިނގިލިތަކާ ކުޅެމުން ޒަލަފް ބުންޏެވެ.

“ޒާލްގެ މަންމަ އަހަރުމެން ގުޅޭކަށް ޤަބޫލެއްނުވާނެ ދޯ… އެ ވާހަކަ ބުނަންތަ ތިއުޅެނީ… އެއީ މައްސަލައެއްނޫން… އަހަރުމެން ކައިވެނިކޮށްގެން މިގޭގައި އުޅޭނީ، އަހަންނާ މަންމައާއި ލުހާކޮއްކޮއާ ފިޔަވައި އިތުރު މީހަކު މިގޭގައި ނޫޅޭނެ، މަންމަ ވެސް އުފާވާނެ އަހަރެން….”

“ޔާލާ… ޔަލާ… އަހަރެންގެ މަންމަގެ ޚިޔާލު ހުރި ގޮތެއް އަދި ނޭނގޭ… އެ ކަހަލަ ވާހަކައެއްނޫން ދައްކަން އުޅުނީ… ކޮންމެ މީހަކު ނުރުހުނަސް އަހަރެން ޔަލާއާ ގުޅުން ކަނޑައެއްނުލާނަން، ޔަލާ ބޭނުން ގޮތަކަށް އަހަރެން ކަންތައްކުރާނަން… މިރޭ ދެން އެ ވާހަކަ ނުދައްކަމާ… އެ ކަހަލަ ވާހަކައެއް ދައްކާ ވަރަށްވުރެ މިރޭ އަހަރެން މި އިނީ އުފަލުން…” ޒަލަފް މިހެންބުނެ އޭނާއާ ކުރިއަށްވުރެ ވެސް ބޮޑަށް ޔަލާ ގާތްކޮށްލިއެވެ.

ޔަލާއަށް ނިދުނީ ޒަލަފްގެ އަތުތެރޭގައި އޭނާ ވާހަކަދައްކަދައްކާ އޮއްވައެވެ. އޭނާއަށް ނިދުމުން އިރުކޮޅަކު އެ ކޮޓަރީގައި މަޑުކޮށްލުމަށްފަހު ޒަލަފް ތެދުވިއެވެ. ހިނިތުންވެލައިގެން އެނދު ކައިރީ ޔަލާއަށްއަށް ބަލަން ހުރެފައި އޭނާ ގެއްލުނީއެވެ. ދެން އޭނާ ފައުޅުވީ މަގުމަތީންނެވެ. ދުރަށް ދިއުމުގެ ކުރިން އެއްފަހަރު ޔަލާގެ ގެއަށް ޒަލަފް ބަލާލިއެވެ. އޭނާގެ ހިތްކޮށްލީ ކޮންކަހަލަ ސަމާސާއެއްކަމެއް ނޭނގެއެވެ. ލުއި ހީނލުމަކާއެކު ބޮލުގެ ފުއްކިބައިގައި އަތްހާކާލިއެވެ. އަދި ދެފަރާތަށް ބޯހޫރާލާފައި އެ ހުރިތަނުން އޭނާ ވަންހަނާވެއްޖެއެވެ.

ގޯތިތެރޭގައި އެއްވެސް މީހަކު ފެންނާކަށްނެތެވެ. ފަރާތް ފަރާތް ހޯދަމުން އައިސް އެތެރެއަށް ވަދެ ސިޑިން އަރައިގެން ޒަލަފްގެ ކޮޓަރިއާ ދިމާއަށް އޭނާ މިސްރާބުޖެހިއެވެ. އެވަގުތު އޭނާއަށް ދުރުގައި ހަޝަމްބަދެލައިގެން ޒަލަފްއަށް ބަލަންހުރި ބެހެމަތް ފެނުނެވެ. އެއާއެކު ހަނދާންވީ އޭނާގެ ކޮޓަރިން ބެހެމަތް ފެނި ދުވެފައި ނުކުމެގެން ދިޔަ ގޮތެވެ.

“އަހަރެން ހާދަ ވަރަކަށް ބެހެމަތް ހޯދައިފީމޭ” ޒަލަފް އައިސް ބެހެމަތްގެ ކައިރީ މަޑުކޮށްލަމުން ބުންޏެވެ. ބެހެމަތް މޫނަށް ގޮތެއް ހަދާލުމާއެކު އޭނާގެ ނޭފަތު ކުރިން އެއްޗެއް ފޮޅާލާހެން ޝަހާދަތް އިނގިލި ދެފަރާތަށް ހިންގާލިއެވެ. އަދި ޒަލަފްއާ ދުރަށް ފަހަތަށް ވާގޮތަށް ފިޔަވަޅެއް އަޅާލިއެވެ. ހީވީ ޒަލަފްގެ ގައިން ނުބައި ވަހެއް ދުވަނީހެންނެވެ.

“ކީއްކުރަން އަހަރެން ހޯދަނީ؟ ޒަލަފް ތިއައީ ކޮންތާކަށް ވަދެ ކީއްކޮށްފައި…” ބެހެމަތްގެ ސުވާލާއި ވިދިގެން ދެން އޭނާ ކުރި ސުވާލުން ޒަލަފްގެ ދޫ ބަންދުވާގޮތްވިއެވެ. ހާސްވީ އޭނާ އެ އައިތަނަކާއި ކުރިކަމެއް ބެހެމަތްއަށް އެނގުނީބާއޭ ހިތަށް އަރާފައެވެ. ޖިންނީންނަށް އެހެންމީހުން ކުރާ ކަންތައްތައް ވެސް އެނގެނީބާއެވެ. ޖަވާބުދޭން ނޭނގިފައި ޒަލަފް ހުއްޓާ ބެހެމަތް އޭނާއަށް ގޮވާލިއެވެ. ހީވީ ޖަވާބެއްގެ އިންތިޒާރުގައި އޭނާ އެބަހުރިކަން އަންގާލީ ހެންނެވެ.

“ހާދަ ފާޑަކަށް ތި ވާހަކަދައްކަނީ… އަހަރެން މިދަނީ ނިދަން… މާދަމާ ވާހަކަދައްކާނީ… ދެން އަނެއްކާ ވެސް އަހަރެން ވާހަކަދައްކަފާނެތީ ފިލާނީއެއްނޫން” ޒަލަފް މިހެންބުނެ ބެހެމަތްއަށް އެއްޗެއް ބުނާނޭ ފުރުޞަތު ނުދީ އަވަހަށް ގޮސް އޭނާގެ ކޮޓަރިއަށް ވަނެވެ.

“ނުބުންޏަސް ހެވޭ… މިރޭ ވެސް ތިއައީ އެ އަންހެނާގެ ގާތަށް ގޮސްފައެއްނު… މުޅިމީހާގެ ގައިން ދުވާ ވަހުން އެހެންމީހުންނަށް ސިއްރުކުރަން އުޅުނަސް ސިއްރުކުރާނީ ކިހިނެއް؟… މިރޭ ތިއައީ އާދައިގެ ގޮތަށް ނޫންކަން އަހަރެންގެ ހިތްބުނޭ… ޒަލަފް… ތި ކުރާކަމެއް ހުއްޓާލާ…” ޒަލަފް ގޮސް އޮބާލުމާއެކު މަޑުމަޑުން ބެހެމަތް ބުނެލިއެވެ. އޭރު އޭނާގެ ދެ ލޯ ފެންކަޅިވެއްޖެއެވެ. ހިތުގައި އަޅާ ވޭނުން ނުރޯން ހުރި ކަމުގައި ވިޔަސް ދެ ލޯ ފުރިދަނީ ގަސްދަކާ ނުލައެވެ. ހިތުގައިވާ އުދާސްތައް ބެހެމަތްގެ ލޮލާ ނިދި ވަކި ކުރުވިއެވެ. މަޑުހިނގުމުގައި އޭނާ ނުކުމެ ނިކަ ގަހުގެ ކުރިއަށް އެރިއެވެ. މަޑުމަޑު ވައިރޯޅިތަކުގެ ބީހުން ކޯތާފަތުގައި ރޮނގު ހަދާފައި ފައިބައިގެންދާ ކަރުނައިގެ ފިނިކަން އިހުސާސް ކޮށްދެމުންދިޔައެވެ.

ކުރި އުންމީދާއި ދުށް ހުވަފެން ބިލާހަކަށް ވެދާނޭތީ އެކަމާ ހިތާމަކޮށް ބެހެމަތްގެ ހިތް ރޮނީއެވެ. އެންމެ ތުއްތު އިރުން ފެށިގެން އެ ހިތުގައި ވަނީ ޒަލަފްއެވެ. ހަމައެކަނި ޒަލަފްއެވެ. އެތައް ނުރައްކަލަކާ ކުރިމަތި ލަމުން ވެސް އޭނާ ޒަލަފްއާ ދުރަކަށް ނުދެއެވެ. ޒަލަފްގެ ފަރާތުން އިވޭ ނުރުހުމުގެ ހަރުކަށި ބަސްތަކުން ވެސް މިހާރު ބެހެމަތްގެ ހިތަށް އެ ލިބޭ ފަދަ ވޭނެއް އިހުސާސެއް ނުކުރެވެއެވެ. އަމިއްލަ ނަފްސު އޭނާ ހިފަހައްޓަމުން ދިޔައީ ޒަލަފްއަށްޓަކައެވެ. އެ ރީތި ޒުވާން ބާރުގަދަ ޖިންނީގެ އަނތްބަކަށް ވާނޭ ދުވަހުގެ އިންތިޒާރުގައެވެ. ޒަރަސްއަށްފަހު ރަޚަބްއެވެ. އޭނާއަށްފަހު ޔަޤީނުން ވެސް ޒަލަފްއެވެ. އެ ދުވަހަކުން އެންމެންގެ ތެރޭ ޒަލަފްއާ އެންމެ އަރިސްކޮށް ހުންނާނީ ޚުދު ބެހެމަތެވެ. އެއީ ބެހެމަތް ދެކެމުން އައި ފޮނި ހުވަފެނެއެވެ.

ގަސް ކައިރިން ހިލަމެއްވެލުމާއެކު ބެހެމަތް އަވަސް އަވަހަށް އޭނާގެ މޫނާއި ދެ ލޯ ދެއަތުން ފުހެލިއެވެ. އަދި ދެ ތުންފަތް ތެތްމާލުމާއެކު އެ ގަހަށް އަރަނީ ކާކުތޯ ބެލުމަށް އަވަސްވެގަތެވެ. ނަމަވެސް އޭނާ އެނބުރިލަންވާއިރަށް ދާދިގާތުގައި ހުރި މެލްފަސް ފެނިއްޖެއެވެ.

“ހުރިހާ ވާހަކައެއް ބައްޕަ ގާތު ނުބުންޏަސް އެންމެ ރަނގަޅު… ފަހަރެއްގައި ދިމާވެގެން އުޅޭ ކަންތަކުގެ ޒާތުން ބައްޕަ ގާތު ބުނެވެން ނެތީކަމަށް ޤަބޫލުކުރަނީ… އެހެންވިޔަސް ބައްޕަ ގާތު އެއްވާހަކަ ބެހެމަތް ބުނެބަލަ… ބެހެމަތްއަށް ޒަލަފް ކަމުދޭތަ؟ އޭނާދެކެ ލޯބިވޭތަ؟ ބައްޕަމެން ކައިވެނި ހަމަޖެއްސީ ދަރިފުޅު ނުހަނު ކުޑައިރު… އެހެންވެ…” މެލްފަސް އޭނާގެ ދަރިފުޅަށް ނަޒަރު ހުއްޓާލައިގެން ހުއްޓެވެ.

މެލްފަސް ދެއްކި ވާހަކަ އަޑުއަހާފައި ބެހެމަތް ނިކަން އަވަހަށް އިސްޖަހާލިއެވެ. މެލްފަސްގެ ސުވާލަށް ޖަވާބުދޭން ކުޑަކޮށް ވެސް ވިސްނާލާކަށް ބެހެމަތްއަށް ނުޖެހޭނެއެވެ. ބެހެމަތްއަށް އޭނާގެ އަމިއްލަ ނަފްސު ނޭނގުނަސް އޭނާއަށް ޔަޤީންވާ ކަމަކީ އެހެން ނަފްސެއްދެކެ އޭނާ ލޯބިވާނަމަ އެއީ ޒަލަފްކަމެވެ. އަދި ޒަލަފް ފިޔަވާ އެހެން ފަރާތަކަށް އޭނާގެ ހިތެއް ދުވަހަކު ވެސް ނޭދޭނެކަމެވެ. ނަމަވެސް އެއްފަރާތުން ވެވޭ ލޯބީގައި ކުލައެއް ނުޖެހޭނެކަން ބެހެމަތްއަށް އެނގެއެވެ. ޒަލަފްގެ ލޯބީގެ ދާސްތާން ކުރިއަށް ދަނީ ބެހެމަތްގެ ކުރިމަތީގައެވެ. އެ ލޯތްބަށް ހުރަސް އަޅަން ބައެއްފަހަރު ބޭނުންވިޔަސް އަނެއްބައި ފަހަރު ޒަލަފްގެ ހިތުން އޭރުން ޖާގައެއް ނުލިބިދާނޭ ހިތަށް އަރާ އަމިއްލަ ނަފްސު ހުއްޓުވަން ޟާމީރަށް މަޖުބޫރު ކުރެއެވެ.

“ބެހެމަތް… ކީއްވެ އެއްޗެއް ނުބުނެ ތި އިންނަނީ… ކަމުދާ ކަމަކަށް ނުވަނީތަ؟” ބެހެމަތްގެ ކޮނޑުގައި މަޑުމަޑުން ވައަތްތިލަ ބާއްވާލަމުން މެލްފަސް ވާހަކަދެއްކިއެވެ. އެއާއެކު ދެފަރާތަށް ބެހެމަތް ބޯހޫރާލިއެވެ.

“ތި ބޯހޫރާލުމުން ބައްޕަ ދެނެގަންނަންވީ ކީކޭ” މެލްފަސް އެހިއެވެ.

“ބައްޕަމެންގެ ނިންމުމާ އަހަރެން ޤަބޫލު… އެކަމަކު… އަހަންނާއި ޒަލަފްގެ ކައިވެނި ހަމަޖެހިފައި އޮތްކަން ޒަލަފްއަށް އެނގެން އެބަޖެހޭ… މިހާރުއްސުރެ އޭނާއަށް އެކަން އެނގިފައި އޮތުން މުހިންމު” ބެހެމަތް ބުންޏެވެ.

“އޭނާގެ ގާތުގައި އެ ވާހަކަ ދައްކާނެ ރަޚަބް… ރަނގަޅު ދަނޑިވަޅަކަށް އޭނާ ވެސް އެ ބަލަނީ… ދެން ހިނގާ ގޭތެރެއަށް، އަބަދު މިތާ އިނުން ކަމަކު ނުދާނެ، ދަރިފުޅު ކޮޓަރީގައި ނެތްކަން އެނގޭއިރު ބައްޕަ ކިހިނެއް ހަމަ ނިދި ނިދާނީ” މެލްފަސް ބުންޏެވެ. އަދި އޭނާ މަޑުކޮށްލީ ބެހެމަތްގެ ފަރާތުން އިޝާރާތަކަށްކަން ބެހެމަތްއަށް އެނގުމުން އޭނާ މަޑުމަޑުން އިން ތަނުން ތެދުވެއްޖެއެވެ. ގަހުގެ ތިރިއަށް ބަލާލުމާއެކު ކުޑަ ވެސް ޖެހިލުމެއްނެތި ގޮފިގަނޑުން ބޭރަށް ފިޔަވަޅު އަޅާލުމާއެކު ވައިގެތެރޭގައި ބާރު އެއްޗެއް ތިރިއަށް ފައިބައިގެން އަންނަ އުސޫލުން ބެހެމަތް އައިސް ގަސްބުޑުގައި ދެފައި ޖައްސާލިއެވެ. އޭނާގެ ފަހަތުން ކަހަލަ ގޮތަކަށް މެލްފަސް ވެސް ފެނުނީ އެގޮތަށް ގަސްބުޑަށް ފުންމާލި ތަނެވެ.

ބެހެމަތްއާއިއެކު އޭނާގެ ކޮޓަރިއާ ހަމައަށް މެލްފަސް ދިޔައެވެ. ދަރިފުޅު ކޮޓަރިއަށް ވަނުމުން ހެނދުނުން ބައްދަލުވާނެކަމުގައި ބުނެ އަމިއްލަ އަތުން ކޮޓަރީގެ ދޮރުފަތް ލައްޕާލާފައި އޭނާ ވެސް ހިނގައިގަތީ ނިދާކޮޓަރިއަށް ދާށެވެ. ނަމަވެސް ކުއްލިއަކަށް ޒަލަފްގެ ޚިޔާލު ސިކުނޑިއަށް ވެރިވެގަތުމާއެކު އޭނާ ބޭނުންވީ ޒަލަފްއާ ވާހަކަދައްކާށެވެ. ބެހެމަތް އެ ދުވަހު އޭނާގެ ކޮޓަރިން ނުކުމެގެން ދިޔައީ ކީއްވެގެންތޯ ވެސް ސުވާލުކޮށްލަން މެލްފަސް ބޭނުންވެއެވެ. ވިސްނުމުގެ ތެރެއަށް ގެއްލި ހުރެ މަޑު ހިނގުމެއްގައި މެލްފަސް އައިސް ޒަލަފް ހުންނަ ކޮޓަރީގެ ދޮރުމަތީ މަޑުކޮށްލިއެވެ. ޓަކި ޖަހާލުމަށް އަތް އުފުލާލާފައި ވެސް އޭނާގެ ޚިޔާލު ބަދަލުވިއެވެ. ކޮޓަރީގެ ދޮރުމަތިން މެލްފަސް ގެއްލުމާއެކު އޭނާ ދެން ހުރީ ޒަލަފްގެ ކޮޓަރި ތެރޭގައެވެ. ކޮޓަރީގައި ހުރި ބޮޑު ކުޑަދޮރުން އެޅިފައި ހުރި އަލީގެ ތެރެއިން އެނދުގައި އޮތް ޒަލަފް ފެނެއެވެ. އެހެންނަމަވެސް މެލްފަސްއަށް އެ ކޮޓަރިތެރޭގައި އެއްވެސް އަލިކަމެއް ނެތަސް ދުވާލުގެ ވަގުތެކޭ އެއްފަދައިން އެހާ ސާފުކޮށް އެ ކޮޓަރިތެރެ ފެންނާނެއެވެ.

ޒަލަފްގެ އެނދު ކައިރީ މެލްފަސް އައިސް މަޑުކޮށްލިއެވެ. ބާލީހުގައި ބައްދާލައިގެން އޮތްއިރު އެ ތުންފަތުގައި ހިނިތުންވުމެއް ވިއެވެ. ނިދީގައި އޮވެ ފޮނި ހުވަފެނެއް ބަލަނީކަން މެލްފަސް ޔަޤީންކުރިއެވެ. އެއްފަހަރަށްވުރެ އަނެއްފަހަރު ބާލީސްގެނެސް ގަޔާ ބޮނޑި ކުރަމުން ޒަލަފް ދިޔައެވެ. އެ މަންޒަރު ބަލަން ހުރި މެލްފަސްއަށް ޒަލަފްގެ މި ހަރަކާތްތައް ފެނި ހިނިއައެވެ. ޒަލަފްއަށް ބަލަން ހުރި މެލްފަސް ކުއްލިއަކަށް ފަހަތަށް ޖެހިލީ އެނދުގައި ފޮރުޅިލަމުން ޒަލަފް ލޯ ހުޅުވާލީމައެވެ. އޭނާ ބޯ ހިއްލާލާފައި ކޮޓަރިތެރެއަށް ބަލާލިއެވެ.

“ކާކު؟… ކާކު މިތާ ހުރީ” ދެ ލޯ އުނގުޅާލުމާއެކު ތަންމިނަށް ހުޅުވާލާފައި ޒަލަފް ވާހަކަދެއްކިއެވެ.

“ބެހެމަތްތައް؟ އަހަންނަށް ދެން ފެންނަންވީނު… އަނގައިން ނުބުނެ ހުއްޓަސް އަހަންނަސް އެނގޭ މިތަނުގައި އެބަހުރިކަން…” ހިލަމެއް ނުވުމުން އަނެއްކާ ވެސް ޒަލަފް ސުވާލުކުރިއެވެ. އަދި ތެދުވެ ދެފައިވަށްކޮށްލައިގެން އިނީ ކޮޓަރީގެ އެކި ދިމާއަށް ނަޒަރު ހިންގާށެވެ.

ދޮރާ ދިމާއަށް ބަލާލުމާއެކު ޒަލަފްގެ ލޮލަށް ޢައިބުވެގެން ހުރި މެލްފަސް ގެއްލުނީ އެ ކޮޓަރިން އަވަހަށް ނުކުތުމަށެވެ. ގޭތެރެއަށް ނުކުތުމާއެކު އަވަސް ފިޔަވަޅުގައި އޭނާ އައިސް އަމިއްލަ ކޮޓަރިއަށް ވަނެވެ.

“އަހަރެން… އަހަރެން އެތަނުގައި ހުރިކަން ޒަލަފްއަށް އެނގުނީ ކިހިނެއް؟ އަދި ރަނގަޅަށް އޭނާއަށް ކަންކަން ދަސް ވެސް ނުވޭ… ރަޚަބްއާއި ޒަރަސް ފިޔަވާ އަހަރެން ފޮރުވިގެން ހުންނަ އިރު އަހަރެން ހުރިކަން އެނގޭނެ އިތުރު މީހަކު ނުހުންނާނެ… ޒަލަފް… ތީ ކޮންކަހަލަ ކުއްޖެއް… ކަލެއަށް އަހަރެން ނުފެނުނަސް އަހަރެން ހުރިކަން އެނގުނީ ކިހިނެއް؟”

އަޖައިބުވެފައި ހުރި މީހަކުހެން މެލްފަސް އޭނާގެ އެނދުގައި އިށީނެވެ. އިރުކޮޅަކު ޚިޔާލުގައި އިނދެފައި ތެދުވެ ހެދުން ބަދަލުކޮށް ނިދަން ތައްޔާރުވެގެން އައިސް އެނދުގައި އޮށޯތެވެ. ނަމަވެސް ބޯދަށަށް ލައްވާލި އަތާއެކު އޭނާގެ ސިކުނޑީގައި އެނބުރެން ފެށީ ޒަލަފްއެވެ. އެހެން އޮވެ ނިދެން ދެން ވެސް މެލްފަސްއަށް ވިސްނުނީ ޒަލަފްގެ ކުޅަދާނަކަމާ މެދުއެވެ.

* * * *

ރަޚަބްގެ ގާތަށް ޒަލަފް ދިޔަތާ ފުރިހަމަ ދެ މަސް ހޭދެވެގެން ދިޔައީއެވެ. މުޅި ޢާއިލާ އަޖައިބުކޮށްލާ ފަދަ ޒުވާނަކަށް ޒަލަފް ވިއެވެ. ތޫނުފިލި ކުޅަދާނަ ޒުވާނަކަށް ޒަލަފް ވެއްޖެއެވެ. ދޭތެރެއަކުން އަރީޝާގެ ގާތަށް ގޮސް މި ވާހަކަތައް ޒަލަފް ކިޔައިދެއެވެ. ރަޚަބްއަށް އޭނާގެ ދަރިފުޅުގެ މަންމައާ ބައްދަލު ކުރަން ދާކަށް އެނގުނެއް ކަމަކު އެކަން ހުއްޓުވާކަށް އޭނާ ބޭނުމެއްނޫނެވެ. ޒަލަފްގެ މިޒާޖު އޭނާއަށް އެނގެނީ ކަންނޭނގެއެވެ. އަރީޝާއާ ވަކިވާ ޚިޔާލެއް ޒަލަފްގެ ނުހުރެއެވެ. އަރީޝާ އޭނާއަށް ދިން ތަރުބިއްޔަތު ޒަލަފް ހަނދާން ބަހައްޓައެވެ. އެ އުސޫލުތަކުގައި އޭނާ ހިފަހައްޓައެވެ. ރަޚަބްމެންނާއެކު އުޅުނެއްކަމަކު އޭނާއަށް އަދިވެސް ރަޚަބްމެންގެ ހުރިހާ އުސޫލެއް ކަމަކު ނުދެއެވެ. ބޮޑެތި ކަންކަމުގައި އެހެން ޖިންނީންނާ ބައްދަލުކުރާން ދާއިރު ރަޚަބްއާއި މެލްފަސްއާއެކު ޒަލަފް ވެސް ގެންދެއެވެ. އެކަމުން އިތުރަށް ޒަލަފްގެ ލޯ ހުޅުވެއެވެ. ރަށުގައި ޒަލަފް ބޭނުންވެ އެތަނަކަށް ނުދެވޭ ތަނެއް މިހާރަކު ނެތެވެ. ހީވެސް ނުކުރާ ވަރުގެ ބޮޑު ޢާއިލާއެއް އޭނާގެ އޮތްއިރު އެ މީހުން ވެސް ފެންނަނީ ޒަލަފްއަށް ތަޢުރީފުކުރާތަނެވެ. އެންމެ ބޮޑު އުފާވެރިކަމަކާއި އުންމީދުގެ ވިދުން އެ ދެލޮލަކުން ފެންނަނީ ޒަލަފްއާ ދިމާއަށް މުސްކުޅިވެފައިވާ ޒަރަސް ބަލާލާއިރުއެވެ.

ޔަލާއާއި ޒަލަފްގެ ދެމެދުގައި އޮތް ގުޅުން ބަދަހިވަމުން ދިޔައީ ފަތުއަޑުކިޔާލާފައެވެ. އެހެން ދިމާވުމަށް އެންމެ ބޮޑު ސަބަބަކަށްވީ އެ ދެމެދުގައި ފަހަނައަޅައި ނުދާންޖެހޭ އިމުން ދެ މީހުން ވެސް ބޭރުވުމުންނެވެ. ޔަލާގެ ކޮޓަރިއަށް ޒަލަފް ނުވައްދަން ހުއްޓަސް އޭނާއަކަށް ވެސް އެކަމެއް ނުވެއެވެ. ހަމައެގޮތަށް ޒަލަފްއަށް ވެސް ނުގޮހެއް ނުހުރެވެއެވެ. މި ކަންތައް އެންމެ ގާތުން ބަލަމުން ދިޔަ މީހަކަށް ބެހެމަތް ވެއެވެ. ދޭތެރެއަކުން އޭނާގެ ނުފޫޒު އެ ދެމެދަށް ފޯރުވައެވެ. ނަމަވެސް އެކަކު ވެސް ހީނުކުރާހާ ޒަލަފް ބާރުގަދަވަމުން އަންނާތީ ބެހެމަތްއަށް ވެސް ޒަލަފްއަށް ނޭނގި ކަމެއް ކުރުން އުނދަގޫ ކަމަކަށް ވާން ފެށީއެވެ. އެކަމުގެ ސަބަބުން ވެސް ހިތުގައި ގިނި އަނދައިގަތެވެ. އެ ހުޅުގަނޑު ކޮންމެ އިރަކު ވެސް ފަޅައިގެން ހިނގައިދާނޭ ކަހަލައެވެ.

ޞާބިރާއަށް އޭނާގެ އަންހެން ދަރިންނަށް ބަދަލުތަކެއް އަންނަހެން ހީވާން ފެށުމުން އެކުދީން ގެނެސް ގާތުގައި ބައިތިއްބައިގެން ވާހަކަދެއްކިއެވެ. މާގިނައިން ރައްޓެހިންނާއެކު ބޭރަށް ދާތީ އެކަމާއެވެ. އެވެސް ޚާއްޞަކޮށް ރޭގަނޑަށް ނުކުންނާތީއެވެ. ކަންބޮޑުވުމެއްގެ ތެރޭގައި ޞާބިރާ ބަހައްޓާކަށް ޔަލާއާއި ލުހާ ވެސް ބޭނުމެއްނުވެއެވެ. ނަމަވެސް ޔަލާއަށް އިސްނަގާކަށް ނުކެރުނެވެ. އޭގެ ބަދަލުގައި ލުހާ އޭނާގެ ދިރިއުޅުމަށް އައިސްފައިވާ ބަދަލުގެ ވާހަކަ ދެއްކިއެވެ. ދަޔާންއަކީ ޞާބިރާ އެންމެ ރުހޭ އޭނާގެ އަވަށްޓެރިޔާ ރާމިޒާގެ ދަރިއެއްކަން އެނގުނު ހިނދު އޭނާ ހިތްހަމަޖެހުނެވެ. އެހެންނަމަވެސް ނަޞޭހަތްތެރިވިއެވެ. އެއީ ކޮންމެ މަޔަކާއި ބަފަޔަކު ވެސް އެ މީހުންގެ ދަރީންނަށް ދޭނޭ ފަދަ ނަޞޭހަތެވެ. ދަރީން ބޮޑުވެ މީހުންނާ ރައްޓެހިވެ ކައިވެންޏަކާ ހަމައަށް ދާންދެން އަބުރުރައްކާތެރި ކުރުމާއި ހުތުރު ޢަމަލެއް ނުކުރުމަށެވެ.

ހުކުރުވިލޭރެއެވެ. ޞާބިރާގެ ހުއްދަ ލިބިގެން ޔަލާ އާއި ލުހާ ވެސް ވީ ބޭރުގައެވެ. އެ ކުދިން ގެއަށް އަންނާނެ އިރެއްގެ އިންތިޒާރުގައި ދޮރޯށި ދޮށަށް ނުކުމެ އޭނާ މަގުމަތި ބަލާލިއެވެ. ދިހައެއް ޖަހާ ދިޔައިރު އެ މަގުމަތި ވަނީ މުޅީން ފަޅުވެފައެވެ. ގޭގައި އެކަކު ވެސް ނެތުމުން ޞާބިރާ ނުކުމެ ދޮރޯށި ލައްޕާލާފައި ރާމިޒާމެންގެއަށް ދިއުމަށް ހިނގައިގަތެވެ.

“ރާމިޒާ ނިދީތަ؟” ގޭތެރެއަށް ވަދެގެން އަންނަމުން ސަލާމްގޮވާލާފައި ޞާބިރާ ބުންޏެވެ.

“އާދޭއާދޭ… މިހިރީ އިސްތިރިކުރަން…” ރާމިޒާގެ އަޑު އިވި އެތެރެއަށް ވަދެގެން ޞާބިރާ ދިޔައެވެ. ކޮޓަރީގެ ދޮރު ހުޅުވާލައިގެން އިސްތިރިކުރަން ހުރި ރާމިޒާ ފެނުނެވެ.

“އޭތް! އަހަންނަށް ވާހަކައެއް އެނގިގެން ރާމިޒާއާ އެ ވާހަކަދައްކާލަން ހުންނަތާ ދެތިން ދުވަހެއް ވެއްޖެ” ޞާބިރާ އައިސް ރާމިޒާގެ ކޮޓަރީގައި ހުރި ޕްލާސްޓިކު ގޮނޑިއެއް ހަމަޖައްސާލާފައި އޭގައި އިށީނދެ ވާހަކަދައްކަން ފެށިއެވެ.

“ތި ބުނި ގޮތުން ވެސް މިހާރު މަށަށް ހީވެއްޖެ ތިއައީ އާދައިގެ ވާހަކައެއް ދައްކާކަށް ނޫންހެން… އާން! ދެން ބުނެބަލަ…” ރާމިޒާ ހިނިތުންވެލިއެވެ.

“އަހަރުމެން ދެ މީހުން އަވަށްޓެރިންގެ ބަދަލުގައި އެއް ޢާއިލާއަކަށް ވާން އުޅެނީ” ހިނިއައިސްފައި އިނދެ ޞާބިރާ ބުންޏެވެ.

“އޭން! އަވަށްޓެރިންގެ ބަދަލުގައި ޢާއިލާއަކަށްވަނީއޭ…” އިސްތިރި ބަހައްޓާލަމުން ހައިރާންވެފައި ހުރި ރާމިޒާ ބުންޏެވެ.

“ރާމިޒާއަކަށް އެހެންވީމަ ނޭނގޭ ދޯ… ބަލަ މިގޭ ދަޔާންއާއި އަހަރެންގެ ލުހާއާ އުޅެނީ ގުޅިގެންނު… މިހާރު މަސްތަކެއްވެއްޖެ ކަމަށްވަނީ އެ ދެ ކުދިން ގުޅިގެން އުޅޭތާ” ޞާބިރާ ބުންޏެވެ.

“ނާ ހަމަތެދެއްތަ؟ އަޅެ މަށަށް ރެއަކާ ވެސް ނުލިއޭ… މިހާރު ވެސް މިހިރީ އެ ސޮރުގެ އެއްޗެހި އިސްތިރިކުރަން…. ކޮންމެ ގޮތެއްވިޔަސް ތިވީ އަހަރެން ވެސް އެދޭ ގޮތެއް… ކޮންއިރަކުންނޯ އިންނަނީ” ރާމިޒާގެ ސަމާލުކަން ފުރިހަމައަށް ޞާބިރާގެ ވާހަކައަށް ދެވުނެވެ.

“އަދި ނޭނގެ… އެކަމަކު ކައިވެނި ކުރާން ވިސްނާ ވާހަކަ ބުނި… އަހަރެން ވެސް ބޭނުން ނުވީ ކައިވެނި ކުރާށޭ ކިޔާ އެ ދެކުދީންނަށް މަޖުބޫރުކުރަން، އެ މީހުންނަށް ފެންނަ އެންމެ ރަނގަޅު ވަގުތެއްގައި އެކަން ވެސް ނިންމަން ދޫކޮށްލީ” ޞާބިރާ ބުންޏެވެ.

“ދެން ޔަލާ ކޮބާ؟ އެމަންޖެ ނޫޅޭތަ ކަމެއް ކުރާކަށް؟” ރާމިޒާ އަހާލިއެވެ.

“އަހަންނަށް ތިކަމާ އެއްޗެއް ބުނާކަށް ހަމަ ނޭނގެ… އެކަމަކު އެނގޭތަ… ނިކަން ރީތި ސޮރަކާއެކު ކާރުގައި ގެއަށް އައިތަން މިހާރު ދެތިން ފަހަރަށް ފެނިއްޖެ… އެއީ ޔަލާއާއެކު ހޮސްޕިޓަލުގައި އުޅޭ ޑޮކްޓަރެއްކަމަށްވަނީ، ބައެއްފަހަރަށް ލުހާ ވަރަށް ދިމާކުރާ ތަން ފެނޭ… އެހެންވިޔަސް އަހަރެންގެ ޔަލާގެ ފަރާތުން ކަމެއް ޔަޤީން ކުރެވޭ ވަރެއްނުވޭ… މަޑުކޮށްގެން މިހުންނަނީ ލުހާ ފަދައިން އެ މަންޖެ ވެސް އެކަހަލަ ގުޅުމެއް ފަށައިފިއްޔާ ބުނާނޭ ކަމަށް” ޔަލާއާ މެދު ކޮންމެވެސް ވަރެއްގެ މާޔޫސްކަމެއް ޞާބިރާގެ މޫނުމަތިން ފެނިގެން ދިޔައެވެ.

“އެއީ ރީހާން…” ކުއްލިއަކަށް އަޑު އައީ ރާމިޒާގެ ކޮޓަރީ ދޮރުކައިރިންނެވެ. އެހިނދު ރާމިޒާއާއި ޞާބިރާއާ ދެ މީހުންނަށް ވެސް ބަލާލެވުނީ އެއްފަރާއެވެ.

“ސިތާރާއަށް އެއީ ކޮންކުއްޖެއްކަން އެނގޭތަ؟ އެނގެންޏާ ނިކަން އެ ދެމީހުންގެ ދެމެދުގައި އޮތް ގުޅުމެއް ކިޔައިދީބަލަ” ޞާބިރާ އަވަހަށް ބުނެލިއެވެ. އެއާއެކު ސިތާރާ އެތެރެއަށް ވަދެ ރާމިޒާގެ އެނދުގައި އިށީނދެ ޞާބިރާއާއި ރާމިޒާގެ ވާހަކައިގައި ބައިވެރިވިއެވެ.

“ޔަލާ ބޭނުންވެގެން ރީހާން އުޅެނީ، މިހާރު ޔަލާ ވެސް ހީވޭ އޭނާއާ ގޮތެއްހެން… ދެމީހުން ކުރިން ވާހަކަދައްކާތަން ނުފެނުނަސް މިހާރު ފެނޭ… ހޮސްޕިޓަލުން ބޭރުގައި ވެސް އެއްކޮށް އުޅެނިކޮށް ފެނިއްޖެ… އެ ދެ މީހުން ވަރަށް ރައްޓެހި… އަދި މަޖާ ކަމަކީ ރީހާންއަކީ ޔާލާއާ ކޮންމެވެސް ގޮތަކުން ތިމާގެ ޒުވާނެކޯ” ސިތާރާ ބުންޏެވެ.

“އެއީ ކިހިނެއް؟ މަށެއް މީގެ ކުރިއަކުން ރީހާނެއް ނުދެކެން” ޞާބިރާ ހައިރާންވިއެވެ. ސިތާރާއަށް އެނގިފައި އޮތް އެއްޗެއް އޭނާ ޞާބިރާއަށް އޮޅުން ފިލުވައި ދިނެވެ.

“އަހަރެން ވަރަށް ޤަބޫލު… އެ ފަދަ ޒުވާނެއް އަހަރެންގެ ޔަލާގެ ހަޔާތުގެ ބައިވެރިއަކަށް ވަރަށް ގުޅޭ” ސިތާރާގެ ވާހަކަތައް ނިމުމާއެކު ޚިޔާލަކަށް ގެއްލިފައި އިންހެން ޞާބިރާ ބުންޏެވެ.

ޞާބިރާގެ ޚިޔާލާ ސިތާރާއާއި އޭނާގެ މަންމަ ރާމިޒާ ވެސް ރުހޭކަން އަންގާލިއެވެ. ޔަލާ ފަދަ ޒުވާނަކާ އެންމެ އެކަށޭނެ ބައިވެރިއެއްކަމުގައި ރީހާން އެ މީހުންނަށް ބަލައިގަތެވެ. ޞާބިރާ ބާރު އެޅީ އިތުރަށް އެ ދެމެދުގައި އޮތް ގުޅުން އޮޅުންފިލުވުމަށެވެ. ސިތާރާ ވެސް އިނީ ރީހާންއާއި ޔަލާގެ ދެމެދުގައި އޮތީ ރަޙުމަތްތެރިކަމަށް ވުރެ ގާތް ގުޅުމެއްތޯ އޮޅުން ފިލުވާ ހިތުންނެވެ. އެހެންވެ ޞާބިރާގެ އެދުމަށް އެއްބާރުލުން ދޭން އޭނާ ވެސް އެއްބަސްވީއެވެ.

* * * *

ވަށައިގެން ވެރިވެފައިވާ އަނދިރިކަމުގެ ތެރެއިން ލުއި ހީނލުމެއްގެ އަޑު ފަޒާގައި ހަރުލިއެވެ. އަތާއި އަތް ގުޅައިލައިގެން ތިބެ އަތިރިމަތީގައި ހިނގަމުން ދިޔަ ޒުވާން ޖޯޑު ފިޔަވައި އެ ހިސާބުން މީހަކު ނުފެނެއެވެ. އުޑުމަތި ފެންނަނީ ވިލާ ގިނަވެ މަޑުރަތްކަމެއް ވެރިވެފައި ވާތަނެވެ. ކަނޑުން އަރައިގެން އަންނަ ރޯޅީގައި އާދަޔާ ޚިލާފު ފިނިކަމެއް ހިފަމުން ދިޔައެވެ. ފަހަރަކަށްވުރެ ފަހަރެއް ވައިރޯޅި އައިސް ގައިގާ ބީހިލާފައި ދާލެއް އަވަސްވެފައި ބާރުވަމުން ދިޔައެވެ.

“ވާރޭ ވެހެން އެ އުޅެނީ… މިތާ ތިއްބާ ވާރޭ ވެހެން ފަށައިފިއްޔާ ކަމަކު ނުދާނެ، ވަރަށް ލަސް ވެސް ވެއްޖެއެއްނު” ޒަލަފްގެ މުލައްދަނޑީގައި ހިފައިލައިގެން ހުރެ އިތުރަށް އެ އަތް ދެ އަތުން ގެނެސް ގަޔާ ކައިރިކޮށްލާފައި ޔަލާ ބުންޏެވެ. އޭރު އަވަސް ނަޒަރެއް އުޑުމައްޗަށް ޔަލާ ހިންގާލިއެވެ.

“ތެމުނަސް ޔަލާ ހީކުރުވައިގަނެގެން އުޅޭކަށް ނުޖެހޭނެ… އަހަރެން މިހުރީނު” ސަމާސާ ރާގެއްގައި ޒަލަފް ބުންޏެވެ.

“ތިކަމާ އަހަރެން ވެސް ދެކޮޅެއް ނުހަދަމޭ… ހައްތަހާ ވެސް ތެމިގެން ގެއަށް ނުދާންވެގެން… މަންމައަށް މިހާރު ޝައްކުވާހެން ވެސް ހީވޭ އަހަރެން މީހާ ރައްޓެހިވެގެން އުޅެނީއޭ… ލުހާ ވަރަށް ޝަކުވާކުރި އޭނާ ބިޓެއް ނަގައިގެން އުޅޭ ވާހަކަ މަންމަ ގާތު ބުނި ދުވަހު އަހަރެން އެކަހަލަ ވާހަކައެއް ނުދެއްކީމަ…” ޔަލާ ވާހަކަދެއްކިއެވެ.

“މަންމަ ހިތްހަމަޖައްސައިގެން އުޅެންވާނީ… ހިނގާ އެކޮޅަށް ދަމާ…” ޒަލަފް މިހެން ބުނެ އައިކޮޅަށް ޔަލާއާއެކު އެނބުރި ހިނގައިގަތެވެ. އަދި ކަނާތުން ޔަލާ ގެނެސް ގަޔާ ކައިރިކޮށްލަމުން އޭނާގެ އުނަގަނޑުގައި ހިފަހައްޓާލިއެވެ.

“ޔަލާ… އަހަރެންގެ މައްސަލައެއްނެތް ޔަލާގެ މަންމަ ގާތު އަހަރުމެން ރައްޓެހިވެގެން އުޅޭ ވާހަކަ ބުންޏަސް… އަހަރެން ވެސް އެބަ ވިސްނަން މަންމަ ގާތު ޔަލާގެ ވާހަކަ ދައްކަން” ދެ މީހުން އެކުގައި ހިނގަމުން ވަކި ހިސާބަކަށް އާދެވުނު ތަނާ ޒަލަފް ވާހަކަދެއްކިއެވެ.

“އަހަރެންގެ މަންމަ ވަރަށް ސުވާލުކުރާނެ، އަހާނެ ޒާލްއަކީ ކޮންގެއަކު ކުއްޖެއްތޯ… ކާކުގެ ދަރިއެއްތޯ…” ޔަލާ މިހެން ބުނުމުން އިރުކޮޅަކު ޒަލަފް ވިސްނާލިއެވެ. އަދި ޔަލާއަށް ބަލާލާފައި ހިނިތުންވެލިއެވެ.

“ހިރިގޭ ދޮންމުޙައްމަދު ދީދީއަކީ އަހަރެންގެ ކާފަ. އޭނާގެ އަހަރެންގެ މަންމަ ފިޔަވައި އިތުރު ދަރިއަކު ނުހުރޭ، މަންމަ އިނދެގެން އުޅެނީ އަބްދުއްރަޢޫފާ، އެއީ އަހަރެން ޢާއިލާ… އެވަރުން ޔަލާގެ މަންމައަށް ފުދޭނެތަ؟” ހީނލާފައި ޒަލަފް އަހާލިއެވެ.

“އާން! އަދިކިރިޔާ ތިވަރު ވެސް މި އެނގުނީ، ޒާލް ދުވަހަކު ވެސް ޢާއިލާގެ ވާހަކައެއް ނުދައްކާ ވިއްޔާ…” ޔަލާ ވެސް ހިނިތުންވެލިއެވެ.

“އަހަރެންގެ ޢާއިލާގައި ވަރަށް ހިތި މާޒީއެއް ފޮރުވިފައިވޭ، މަންމަ ވެސް އެ ވާހަކަތައް ދައްކާކަށް ބޭނުމެއްނުވޭ، އަހަންނަށް ވެސް ވިސްނުނު ގޮތުގައި މާޒީގެ ކަންކަން އޮޅުން ފިލުވުމަށްވުރެ މިހާރު ކަން ހިނގަމުން ދާގޮތް މާ މުހިންމު… ޔަލާ، ޔަލާ ޤަބޫލުކުރަންތަ ޖިންނީން އުޅޭކަން…” ޒަލަފް ކުއްލިއަކަށް އެ ކުރި ސުވާލުން ޔަލާއަށް ހީވީ ސަމާސާއެއް ކުރަނީ ކަމުގައެވެ.

“އަހަރުމެން އެކަންޏެއްނޫނެއްނު މި ދުނިޔޭގައި ލައްވާފައިވަނީ…” ޔަލާ ހިނިގަނޑެއް ޖަހާލާފައި ބުންޏެވެ.

“ޖިންނިއަކާ ރައްޓެހިވެދާނަންތަ؟” ޒަލަފް އަހާލިއެވެ.

“ޒާލްއާ ރީތިވެފައި ތިހާ ލޯބިވަންޏާ ކީއްވެ ރައްޓެހިނުވާންވީ” މިފަހަރު ވެސް ޒަލަފްގެ ވާހަކަ ޔަލާ ނެގީ ސަމާސާއެއްގެ ގޮތުގައެވެ.

“އަހަރެން ކުރާ ސުވާލަށް ވަރަށް ވިސްނާފައި ޖަވާބުދެއްޗޭ… ފަހަރެއްގައި މިކަމުން ޔަލާގެ ދިރިއުޅުމަށް އަސަރެއް ކޮށްފާނެ”

“އައްދޭ! ތީ ހާދަ ބޮޑު ސުވާލެކޭ… ދެން އަޅެ ކޮށްބަލަ… އޭރުންތާ އެނގޭނީ ވިސްނާފައި ޖަވާބުދޭން” ހިނިއައިސްފައި ޔަލާ ބުންޏެވެ.

“އަހަރެންނާ އެއް ސިފައެއްގައި ހުރި މީހަކު ޔަލާއަށް ފެނިއްޖެނަމަ އެނގޭނެތަ އަހަރުމެން ދެ މީހުން ވަކިކުރަން” ޒަލަފް މޫނުމަތިން ފެންނަނީ ސީރިއަސްކަމެވެ.

“ތިބުނީ ޒާލްގެ ސިފަ ޖެހިގެން ޖިންނިއަކު އައިސް އަހަރެންގެ ގާތުގައި ހުރެއްޖެނަމަ އެނގޭނެހޭތަ؟” ޔަލާ ބޯއަރިކޮށްލާފައި ޒަލަފްއަށް ބަލާލިއެވެ.

“އެއްސިފައެއްގައި ހުރި އިންސާނަކު ވެސް ހުރެދާނެއެއްނު” ޒަލަފްގެ ވާހަކަތަކުގައި ޔަޤީންކަން އެކުލެވިފައި ވާ ކަހަލައެވެ.

“ތީ ދެން ކޮންކަހަލަ ވާހަކައެއްތަ؟ ޖިންނި ވާހަކަ ދައްކާކަށް އަހަރެން ބޭނުމެއްނޫން، ކޮންމެ ގޮތެއްވިޔަސް އަހަންނަށް ޒާލް ނޭނގިއެއް ނުދާނެ، އަހަރެންގެ ދެ ލޮލަށް ކެހި ދިނަސް އަހަރެންގެ ހިތަކަށް އެވަރުގެ ބޮޑު ކެއްސެއް ނުދެވޭނެ…” ޔަލާ ގަޔާނުވިގެން އޭނާގެ ވާހަކަތަކުން އެނގުމުން ޒަލަފް އެ ވާހަކަ ހުއްޓާލިއެވެ. އޭރު އެ މީހުންނަށް އެއްގަމަށް އަރަން އޮތް މަގާ ހަމައަށް އާދެވިއްޖެއެވެ.

“އެހެރީ ޔަލާގެ ސައިކަލު…” އެއްގަމަށް އަރަމުން ޒަލަފް ބުނެލިއެވެ. އެއާއެކު ކޮނޑުގައި އަޅުވާލަފައި އޮތް އަތްދަބަސް ޔަލާ ހުޅުވާލިއެވެ. އަދި އޭގެތެރެއިން ޕާރުސަލް ކޮށްފައިވާ ފޮށްޓަކާއި ސައިކަލުގެ ތަޅުދަނޑިފަތި ޔަލާނެގިއެވެ.

“މީ އަހަރެން ޒާލްއަށް ދޭން ގެނައި ހަދިޔާއެއް” ޔަލާގެ އަތުގައި އޮތް ޕާރުސަލް ޒަލަފްއަށް ދިއްކޮށްލިއެވެ.

“ޔަލާ އަހަންނަށް ހަދިޔާ ވެސް ދޭންފެށީތަ؟ އެކަމަކު ބުނަން… މީ ދެން އާދައަކަށް ނުހަދައްޗޭ… އަހަންނަށް ހަދިޔާއަކަށް ފުދޭ ޔަލާ އަހަންނާއިއެކު މިގޮތަށް އެކުގައިވާ ވަގުތުތަކުގައި…” ޔަލާ ދިއްކޮށްލި ޕާރުސަލުގައި ހިފަމުން ޒަލަފް ބުންޏެވެ.

ޔަލާގެ ސްކޫޓަރަށް ދެ ޒުވާނުން އަރައިގެން ދުއްވަމުން އައިސް ކިނާރީގެ ދޮރޯށި ކުރިމައްޗަށް މަޑުކޮށްލިއެވެ. އެއާއެކު ޒަލަފް ސްކޫޓަރުން ފައިބައިފިއެވެ. ޔަލާ ސްކޫޓަރުގެ ހަރު ޖައްސާލާފައި ދޮރޯށި ހުޅުވާލަން ދާން އުޅެނިކޮށް ޒަލަފް އޭނާގެ އަތުގައި ހިފެހެއްޓިއެވެ.

“މިރޭ ވެސް އަހަރެން އަންނާނަން…” ޔަލާގެ އަތުގައި ހިފައި ދަމާލާފައި ގެނެސް މޭގައި ޖައްސާލަމުން ބުންޏެވެ.

“ނޫން، މިރެއަކުނޫން… ފަސް ދުވަސް ފަހުން…” ކުޑަކޮށް ރަކިވެފައި ހުރެ ޔަލާ ބުންޏެވެ. އޭނާ ޒަލަފްގެ ގާތުގައި އޭނާ ބުނަން ބޭނުންވަނީ ކީކޭކަން މާ ކުރިން ވެސް ޒަލަފްއަށް އެނގޭ ކަހަލައެވެ.

“އަހަންނަށް އެނގޭ ޔަލާ ތި ހުރީ އަހަންނަށް ގާތްވެވޭ ގޮތަކަށް ނޫންކަން، އެހެންވިޔަސް މި އަތުގެ ތެރޭ ޔަލާ ބާއްވާލައިގެން އަހަންނަށް ނޯވެވޭނެތަ؟” ޒަލަފްގެ ވާހަކައިން އިތުރަށް ޔަލާގެ ކޯތާފަތް ރަތްވެގެން ދިޔަ ކަހަލައެވެ. އަޖައިބުވީ ޔަލާ ނުބުނަނީސް ޒަލަފްއަށް އެ ކަހަލަ ކަމެއް އެނގުނީތީއެވެ. ލަދުގަތް ވަރުން ޒަލަފްއާ ދުރަށް ޖެހިލުމާއެކު ދޮރޯށި ހުޅުވަން ޔަލާ ހިނގައިގަތެވެ.

“އަހަރެން އަންނާނަން… ކޮޓަރީގައި ޓަކި ދިނީމާ ހުޅުވާނެކަމަށް ހީކުރަން” ޒަލަފް މިހެން ބުނެ އެއްފަރާތަށް ޖެހިލިއެވެ.

ލަދުރަކި ހިނިތުންވުމެއް ތުންފަތަށް ވެރިވެފައިވި ޔަލާއަށް ޒަލަފްއަށް ނަޒަރު ހަމަކޮށްލާކަށް ނުކެރުނެވެ. އޭނާ ދޮރޯށި ހުޅުވާލުމާއެކު ސްކޫޓަރު ގޭތެރެއަށް ވައްދާފައި އައިސް ދޮރޯށި ލައްޕަމުން ފާރު ކައިރީ ހުރި ޒަލަފްއަށް އަވަސް ނަޒަރެއް ނިދެނެވެ. އެއްފައި ފާރުގައި ޖައްސާލައިގެން ސޯޓުގެ ދެ ޖީބަށް އަތްކޮށްޕާލައިގެން ހުރެ ޔަލާއަށް ބަލަމުން ދިޔަ ގޮތުން ހީވަނީ އިތުރަށް އޭނާ ރަކިކޮށް ލަދުގަންނަވާލަން އުޅޭ ހެންނެވެ. ތިރީ ތުންފަތުގައި ދައިގަންނަމުން ލޯ އަޅާލާފައި ޔަލާ ދޮރޯށި ލައްޕާފައި އެތެރެއަށް ވަނެވެ. އެހިނދު ބޭރުގައި ހުރި ޒަލަފް ލުއި ގޮތަކަށް ހީނލިއަޑު އިވުނެވެ.

ޚިޔާލަކަށް ގެއްލި ހުރެގެން ޒަލަފް އައިސް ރަޚަބްމެން ދިރިއުޅޭ ގެއަށް ވަނެވެ. އޭނާގެ އަތުގައި އޮތް ޕާރުސަލް ކެނޑުމަށް އެ ހިފައިގެން އޭނާ އައިސް ވަނީ ކޮޓަރިއަށެވެ. އަވަހަށް ދޮރު ލައްޕާލާފައި އައިސް އެނދުގައި އިށީނދެ ޕާރުސަލް ކަރުދާސްގަނޑު ނައްޓާލިއެވެ. އެއާއެކު ކަރުދާސް ފޮށިގަނޑުގެ ތެރޭގައި އޮތް އެއްޗެއް އޭނާ ދަމައިގަތެވެ. އެހިނދު ރޫޅި ފެތުރިގެން ދިޔައީ ޓީޝާޓެކެވެ. އޭގެ ތެރެއިން ކަރުދާސްކޮޅެއް ވެސް ވެއްޓުނު ތަން ފެނުނެވެ. ދެ އަތުން ޓީޝާޓު ފަތުރާލުމާއެކު ގެނެސް މޫނުގައި ޒަލަފް ޖައްސާލިއެވެ. ހިނިތުންވެލުމާއެކު ޔަލާގެ ނަން އޭނާ ކިޔާލިއެވެ. އަދި އަވަހަށް ތިރިއަށް ވެއްޓުނު ކަރުދާސްކޮޅު ނެގިއެވެ.

“ޒާލްއަށް ހެޔޮވަރުވާނެކަމަށް ދިން ހަދިޔާއެއް މީ… އަހަރެން ކައިރިއަށް އަންނަ ފަހަރަކުން މި ޓީޝާޓު ލައިގެން އަންނާނެ ކަމަށް ހީކުރަން… ވަރަށް ލޯބިވޭ.. ޒާލްގެ ޔަލާ…” ކަރުދާކޮޅު ޒަލަފް ކިޔާލިއެވެ. ހެވިފައި މޮޔައަކުހެން އެއަށް ބަލަހައްޓައިގެން އިރުކޮޅަކު އިނެވެ.

އެކެއްޖަހަން އުޅެނިކޮށް އާދައިގެ މަތީން ޒަލަފް ގެއިން ނުކުތީ ޔަލާގެ ގާތަށް ދިއުމަށެވެ. އޭރު ގޭތެރޭގައި ކުޅިވަރުތައް ކުރިއަށް ދެއެވެ. ރަޚަބްއާއި މެލްފަސްއަށް ޒަލަފް ފެނުނެވެ. ހަމައެއާއެކު އޭނާގެ ފަހަތުން ނުކުން ބެހެމަތް ވެސް ފެނުނެވެ. ހިނިއައިސްފައި އިނދެ މެލްފަސްގެ އަތުގައި ހިފާލަމުން އެ މަންޒަރު ލޮލުގެ އިޝާރާތުން ރަޚަބް ދައްކާލިއެވެ.

“އެ ދެ ކުދިން އަހަރުމެންނަށް ނޭނގި ކޮންމެވެސް ކަންތައްގަނޑެއް އެބަ ހިންގާހެން ހީވޭ” ރަޚަބް ބުންޏެވެ.

“ރަޚަބް… މިކަން މާ މައްޗަށް ނުދަނީސް އަހަންނަށް ފެންނަނީ ނިންމާލަން، ކިހާ ދުވަހަކު މިހާރު ވެސް މަޑުކުރެވިއްޖެ… އަހަރެންގެ ބެހެމަތް އެހެރީ އެންމެ ފުރިހަމަވެފައި… އަހަރުމެންގެ ކުރިމަތީ ބައްދަލުކުރަން ނުކެރޭތީހެން ހީވަނީ ބޭރުން އެ ދެ މީހުން ބައްދަލުކުރަނީ… ބެހެމަތް ވެސް މިހާރު އުޅެނީ ވަރަށް ފާޑަކަށް…” މެލްފަސް ފުރުޞަތުގެ ބޭނުން ހިފިއެވެ.

“ބައްޕަ ގާތު ތި ވާހަކަ ދައްކާނަން، ބައްޕަ ވެސް ވަރަށް އެދޭ ޒަލަފް އަހަރުމެންގެ ތެރޭ ބަހައްޓަން، ބައްޕަ ލައްޕާ ތި ވާހަކަ ދެއްކުވިއްޔާ ކަންނޭނގެ އެންމެ ރަނގަޅުވާނީ” ރަޚަބް އޭނާގެ ޚިޔާލު ފާޅުކުރިއެވެ.

“ރަނގަޅު ދުވަހެއް ވެސް ކަނޑައަޅަން އެނގޭނީ ހަމަ ރަޚަބްގެ ބައްޕައަށް” މެލްފަސް ވެސް އެއްބަސްވިއެވެ.

“އެހެންވީމާ ޒަލަފްގެ ގާތުގައި މި ވާހަކަދައްކާނީ ބައްޕަ ބުނާ އެއްޗެއް ބަލާފައި، ޒަލަފްއަކީ މިހާރު އަހަރުމެންގެ ގާތަށް އެންމެ ފުރަތަމަ ދުވަހު އައި ކުއްޖާއެއްނޫން، އޭނާ މިހާރު މުޅީން ބަދަލުވެއްޖެ… އަހަރުމެންގެ ތެރޭގައި ހުރި އެންމެ ވަރުގަދަ ފަހުލަވާނުންނަށް ދޫނުކުރޭ… އެކަން މިހާރު މެލްފަސްއަށް ވެސް އޮންނާނީ އެނގިފައި، ޒަލަފްއަށް އަހަރުމެންގެ ތެރެއިން ރަނގަޅު މުސްތަޤުބަލެއް ހޯދައިދޭން އަހަރެން ވެސް ވަރަށް ބޭނުންވޭ… އަހަންނަށް ވެސް ބެހެމަތްއާއި ޒަލަފްގެ ޖޯޑު ވަރަށް ގުޅޭ” ރަޚަބް މިހެން ބުނެ ޖެހިގެން އިން މެލްފަސްގެ ފައިގައި ޖަހާލިއެވެ.

މީހުންތަކުގެ ތެރެއިން ހިނގަމުން އައި ޒަލަފް ހުއްޓުނީ ފިނިފެންމާ ގަސްތަކެއް އިންދާފައި ހުރި ކޮށިގަނޑެއްގެ ކައިރީއެވެ. ފަރާތް ފަރާތްތަށް ބަލަމުން ދިޔައީ މީހަކު ހޯދާ ފަދައަކުންނެވެ. އެހެން ހުރެފައި ޒަލަފް މައުތަކުގެ ވެރިޔަކީ ކާކުތޯ ސުވާލުކުރިއެވެ. އެހިނދު އަނދިރީގެ ތެރެއިން ފާޅުވެގެން އައި މުސްކުޅި އަންހެނަކު ޖަވާބު ދިނެވެ.

“އަޅުގަނޑުގެ މާގަސްތަކެއް…ތި…ތިޔައީ ކޮންކުއްޖެއް… ދުވަހަކު ވެސް ތި އަޑު ނާހަމު” ކަންބޮޑުވެފައި މުސްކުޅިޔާ ވާހަކަދެއްކިއެވެ.

“ބިރުނުގަނޭ… މިގަސްތަކުގައި ނޫނީ މިހާ ރީތިކޮށް ފޮޅިފައި ހުރި ފިނިފެންމާތަކެއް އަހަރެން ނުދެކެން، އަހަރެން މިއައީ މިގަސްތަކުގެ ވެރިޔާގެ ހުއްދައާއެކު މި ތަނުން ދެތިން މަލެއް އަހަންނަށް ލިބިދާނެތޯ އަހާލަންވެގެން” ޒަލަފްގެ ދެ ލޮލަށް އެ މުސްކުޅި އަންހެން މީހާ ބަލާލި ވަގުތު ޒަލަފްގެ ނަފްސަށް ސިހުން ލިބިގެން ދިޔައެވެ. އެ މުސްކުޅިޔާގެ ދެ ލޮލުގައި ކަޅިއެއް ނެތެވެ. މުޅި ލޯ ވަނީ ކިލަނބު ހުދުކުލައަކުން ފުރިފައެވެ.

“ތިޔައީ އާދައިގެ ކުއްޖެއްނޫން، އަހަންނަކީ ލޯފާން މުސްކުޅިޔަކީމު، އެކަމަކު ކަލޭގެ ކިބައިން އަހަންނަށް މި އިހުސާސް ކުރެވޭ ކުރެވުމަކީ އާދައިގެ މީހަކު އަހަރެންގެ ކުރިމައްޗަށް އައިސް ހުއްޓުމުން ކުރެވޭނެ އިހުސާސެއްނޫން…”

“އަހަންނަށް މިގަހުގައި ފޮޅިފައި ހުރި ތަނުން ދެ ތިން މާ ލިބިދާނެތަ؟” ޒަލަފް އަނެއްކާ ވެސް އަހާލިއެވެ.

“ކުއްޖާފުޅަށް ކަމުދާ މަލެއް ބިނދެގެން ގެންދޭ… އަހަރެންގެ ރުހުން ދީފިން… އެކަމަކު ދިއުމުގެ ކުރިން ތިޔައީ ކާކުކަން ބުނެދީބަލަ” މުސްކުޅިޔާ ހިނިތުންވެލިއެވެ.

“ޒަލަފް… ޒަރަސްގެ ކާފަ ދަރިއެއް” ޒަލަފް މިހެންބުނެފައި ގަހުގައި ފޮޅިފައި އިން އެންމެ ބޮޑު ތިން ފިނިފެންމާ ބިނދެލައިގެން ދުރަށް ހިނގައިގަތެވެ. މުސްކުޅިޔާގެ މޫނުގައި އިހުނަށްވުރެ ފުޅާ ހިނިތުންވުމެއް ދުވެލިއެވެ. ނަމަވެސް އެ ހިނިތުންވުމަށް ހުރަސް އެޅި ދެބުމަ ގޮށްޖަހާލުމާއެކު ހިފަހައްޓައިގެން ހުރި އަސާ ބިމުގައި ޖަހާލައިފިއެވެ.

“ކަލޭތީ އޭނާގެ ހަށިފާރަވެރިޔާތަ؟ ނުވާނެ އެހެނެއް… އަހަރެންގެ ދެ ލޯ އަނދިރިޔަސް އަހަރެންގެ ތަޖުރިބާ ދޮގެއް ނުހަދާނެ، އެހެން ހިއްސުތައް އަދި މަސައްކަތް އެބަކުރޭ… ތިޔައީ ފިރިހެނެއްނޫން… އޭނާއާ އަޅަގަނެގެންތަ ތިއުޅެނީ” މުސްކުޅިޔާ ހަރުކަށި ގޮތަކަށް ވާހަކަދެއްކިއެވެ.

“ކަލެއަށް ކަލޭގެ ފެންވަރު އޮޅުނީތަ… އެނގޭތަ ތި ވާހަކަދެއްކެނީ ކާކާކަން…”

“އަހަންނަކީ ހިތްނުބައި މީހެއްނޫން، އަދި އަހަރެންގެ ގާތަށް އައިސްފައި އެ ދިޔަ ކުއްޖާގެ ހިތް ސާފުކަން ވެސް އަހަންނަށް އިހުސާސްވޭ، އެކަމަކު ބުނަން، ކަލޭގެ ފަރާތުން އަހަންނަށް އެފަދަ ގޮތެއް އިހުސާސެއްނުވޭ…”

“ހުއްޓާލާ، ދެ ލޯ އަނދިރިވެފައި ހުރިކަމަށްޓަކައި ކަލޭ ޝުކުރުވެރިވެބަލަ، އެހެންނޫނީ ތިޔަ ދޫ ވެސް ބުރިކޮށްލާހާ ބާރު އަހަންނަށް ލިބިގެންވޭ، ބަލަ ކަލޭ ތި ވާހަކަދައްކަނީ ޒަރަސްގެ ކާފަ ދަރިފުޅާ އިންނަން ހަމަޖެހިފައި ހުރި އަންހެނާއާ… އަހަންނަކީ ބެހެމަތް… މެލްފަސްގެ ބެހެމަތް…” ރުޅިވެރިކަމާއެކު ބެހެމަތް ބުނެލީ އިންޒާރުދޭ ފަދައިންނެވެ. އެ މުސްކުޅިޔާ ވަގުތުން އިސްޖަހާލިއެވެ. އޭނާއަށް ކުށެއްކުރެވިއްޖެކަން އެނގިގެންނެވެ.

ހިތްހަމަނުޖެހިފައި ހުރެ ބެހެމަތް އަވަސްވެގަތީ ޒަލަފްގެ ފަހަތުން ދިއުމަށެވެ. އޭނާ ޤައިބުވުމާއެކު ފައުޅުވީ ޔަލާގެ ގެ ހުންނަ މަގަށެވެ. އޭރު އޭނާއަށް އެގެއަށް ވަންނަން ތައްޔާރުވެލައިގެން ހުރި ޒަލަފް ފެނުނެވެ. ކަނޑައިގެން ދިޔަ ވިދުވަރެއްހެން ބެހެމަތް އައިސް ޔަލާމެން ގޭ ދޮށުގައި މަޑުކޮށްލިއެވެ.

“ކާކު؟” ފަހަތަށް އެނބުރި ޒަލަފް ސުވާލުކުރިއެވެ. ނަމަވެސް ބެހެމަތް އަނގަޔަކުން ނުބުންޏެވެ. އައިސްފައި ހުރި ރުޅީގައި ޒަލަފް ހުއްޓުވަން އޭނާ މިރޭ ބޭނުންވެއެވެ.

“އަހަންނަށް އެނގޭ ކަލޭ މިތަނުގައި އަހަންނާ ކައިރީގައި ހުރިކަން… އަހަރެންގެ ބާރުގެ ބޭނުންކޮށްފިއްޔާ ނަތީޖާ ރަނގަޅެއްނުވާނެ، ހަމަމިހާރު އަހަންނަށް ފެންނާނޭހެން މިތަނަށް ފައުޅުވޭ” ޒަލަފް ވަރަށް ބޮޑަށް ހިތްހަމަނުޖެހުނެވެ. ޔަލާއާ ހަމައަށް އެއްވެސް ޖިންނިއެއްގެ އަސަރު ފޯރާކަށް ޒަލަފް އެއްގޮތަކަށް ވެސް ނޭދެއެވެ.

“ބެހެމަތް… މިތަނުގައި ކީއްކުރަނީ؟ އަހަންނަށް ފާރަލަނީތަ؟ ކާކު ބުނެގެން؟…” ކުއްލިއަކަށް ޒަލަފްގެ ކުރިމައްޗަށް ފައުޅުވީ ބެހެމަތްއެވެ. އެއާއެކު އެތައް ސުވާލެއް ޒަލަފް އޭނާއާ ކުރިމަތި ކުރުވިއެވެ.

“ތިކަން ހުއްޓާލާ” ބެހެމަތް ވަގުތުން ބުންޏެވެ.

“ކޮންކަމެއް؟” މާބޮޑު ވިސްނުމެއް ހިންގާލުމެއްނެތި ޒަލަފް ބުންޏެވެ.

“އަތުގައި ތިއޮއް މަލަކީ މީހަކަށް ދޭންވެގެން ގެނައި މަލެއްނު… މި ބުނީ ތިކަން ހުއްޓާލާށޭ… ޒަލަފް ހީކުރަނީ އަހަންނަށް ނޭނގޭ ކަމައްތަ” ބެހެމަތްގެ އަޑުގައިވާ ހިތްހަމަނުޖެހުން ޒަލަފްއަށް ވެސް ނަގައިގަނެވުނެވެ.

“ބެހެމަތް އަހަންނަށް ފާރަލަނީތަ؟ ކޮން ހައިސިއްޔަތަކުން… ކާކު ބުނީ ބެހެމަތް ކައިރީ އަހަންނަށް ފާރަލާން… ކުރިން ވެސް އަހަރެން ބުނި ހަނދާނެއްވޭ އަހަރެންގެ އަމިއްލަ ކަންކަމާ ނުބެހޭށޭ” ޒަލަފް ވެސް މިފަހަރު ހަރުކަށިކަން ދައްކާލިއެވެ.

“އާން! އަހަރެން ފާރަލަން… ޒަލަފްއަށް ނޭނގޭ ތިކުރެވެނީ ކިހާވަރުގެ ކަމެއްކަން… ތިހާވަރުން އަންހެނަކު ބޭނުންވަންޏާ އަހަރުމެންގެ ތެރެއިން ވެސް ޒަލަފްގެ އެދުން ފުދޭނޭވަރުގެ އަންހެނަކު ހޯދައިދީފާނަމޭ” ނުރުހިފައި ހުރިވަރުން ބެހެމަތްއަށް އޭނާއަށް ބުނެވޭ އެއްޗެއް ވެސް ނޭނގޭ ކަހަލައެވެ.

“އަހަންނަށް ވެސް ރުޅި އަންނަން އެނގޭ… ބެހެމަތް ވެސް ހުންނަންޖެހޭ ހިސާބުގައި ހުރޭ… އަހަރެންގެ އަމިއްލަ ޒާތީ ކަންކަމާ ނުބެހޭ… އަހަރެން ލޯބިވާނެ މީހުންނާއި ގާތްވާނެ މީހުން ވެސް އެނގޭނީ ހަމަ އަހަންނަށް… އެކަމުގައި ބެހެމަތްގެ ކުޑަ ވެސް ޚިޔާލެއް ބޭނުމެއްނުވޭ… ހަމަ މިހާރު މިތަނުންދޭ… އެހެންނޫނީ އަހަރެންނަށް ޖެހޭނީ ކަލޭ މިތަނުން ފޮނުވާލަން… ހީނުކުރާތި އަހަންނަށް އެހެން ހަދަން ނުކުރޭނެއޭ އަދި އަހަންނަށް އެހެނެއް ނުވެސް ހެދޭނެއޭ… ބެހެމަތްއެއްކަމަކު ތިދިޔައީ މާމައްޗަށް” ޒަލަފްގެ ދެ ލޮލުން ވިދުމެއް ފެނިގެން ދިޔައެވެ.

ބެހެމަތްއަށް އޭނާގެ ނަޒަރު ތިރިކޮށްލަން ޖެހުނީ އޭނާއާ ދިމާއާށް ޒަލަފް އަޅާލި ފިޔަވަޅާއެކުއެވެ. ހަމައެއާއެކު ޒަލަފްގެ ދެ ލޮލުން ފެންނަމުން ދިޔަ އިންޒާރުގެ ވިދުންތަކުން ބެހެމަތް ޖެހިލުންވާގޮތްވިއެވެ.

“ތި ކުރާ ކަންތަކުން ޒަލަފްއަށް ހަމައެކަނި ލިބޭނީ ވަގުތީ އުފަލެއް… އެ ނޫން އެއްވެސް ކަމެއް ނުވާނެ…” ފަހަތަށް ފިޔަވަޅެއް އެޅިއެއްކަމަކު ބެހެމަތްގެ ދޫ ހިމޭނެއްނުވިއެވެ.

“މިހާރު މިތަނުން ދާށޭ މަ މިބުނީ… ކަލެއަކަށް އަޑެއް ނީވޭތަ؟” ޒަލަފް ހަރުކަށިކަމާއެކު ތަންކޮޅެއް ބާރަށް ބުނެލިއެވެ. ހަމައެއާއެކު އޭނާގެ ނަޒަރު މަގުމައްޗާއި ކިނާރީގެއަށް ހިންގާލިއެވެ. އެވަގުތު އެ ހިސާބުގައި ބަޔަކު ނެތްކަން އެއީ ޒަލަފްގެ ނަސީބޭ އޭނާ ހިތަށް އެރިއެވެ.

“އަހަންނާއެކު ޒަލަފް ވެސް ޖެހޭނީ ދާން” ބެހެމަތް ގޮތްދޫނުކުރާން ބުނެލިއެވެ.

“ޖެހޭނީއޭ… ނުޖެހޭނެ ދާކަށް… އަހަރެން މިތަނަށް އައިސް މިހިރީ އަހަރެންގެ އަމިއްލަކަމަކު، މިކަމާ ބެހެމަތްއަކާ ކީއް… ކަލޭ ވާހަކަދައްކާނީ އަހަރެން އެނބުރި ދިޔައީމަ… އެހެންވީމަ އަހަރެންގެ އަތުން ފައިން ގޯހެއް ނުހަދަނީސް މިތަނުން ދޭ… ބަލަ އަޑުއިވޭތަ ކަލެއަށް؟ މިތަނުން ދާން އުޅޭށޭ… ދުރަށްދޭ…” ޒަލަފް ހަރުއަޑުން ވާހަކަދައްކަމުން އައިސް ބެހެމަތްގެ ކޮނޑުގައި ވައަތުން ހިފުމާއެކު އޭނާ ތެޅިގަތެވެ. ޒަލަފްއާ ހަތަރުކަޅި ބައްދަލުކުރެވުނު ހިނދު ބެހެމަތް ޤައިބުވެއްޖެއެވެ. އިރުކޮޅަކު ކިނާރީގެ ދޮރުމަތީ ޒަލަފް މަޑުކޮށްލައިގެން ހުއްޓެވެ. އެހެން ހުރެފައި ދޮރޯށި ބުޑުން ކަހަލަ ގޮތަކަށް ވެލިމުށެއް ނެގިއެވެ. އަދި ލައްޕާލާފައި އޮތް މުށް އަނގަޔާ ކައިރިކޮށްލައިގެން ހުރެ ތުންތަޅުވާލީ ކިޔެވެއްޔެއް ކިޔަވާލި ހެންނެވެ. އަތަށް ދެތިންފަހަރު ފުމެލުމާއެކު މުށުގައި ހުރި ވެލިތައް ކަނާތުން ވައަތަށް ވާގޮތަށް ބުރުފަޅިއެއްހެން ފަޒާގެ ތެރެއަށް އުކާލިއެވެ. އަދި ފަރުވާތެރިކަމާއެކު ވަށައިގެން ނަޒަރު ހިންގާލިއެވެ.

ހަމަޖެހުމުގެ ފުންނޭވައެއް ޒަލަފް ހަށިފުރާލިއެވެ. އަދި އަތުގައި ހޭކިފައި ހުރި ވެލިތައް ފޮޅާލުމަށް ލައިގެން ހުރި ޖިންސުގައި އަތްހާކާލިއެވެ. ދެން ބަލާލީ އަތުގައި އޮތް ހުރި ފިނިފެންމާތަކަށެވެ. އެ މައުތަކުން ޒަލަފްގެ ސިކުނޑިއަށް ޔަލާގެ ޚިޔާލުތައް ވެރިވެގަތެވެ. ތުންފަތުގައި ދުވެލި ފަނޑު ހިނިތުންވުމާއެކު އޭނާ ޤައިބުވީއެވެ.

އެތެރެއަށް ޒަލަފް ވަނުމާއެކު އެހެން ރޭރެއެކޭ އެއްގޮތަށް ޔަލާ ކޮޓަރީގެ ދޮރުލައްޕާ ތަޅުލިއެވެ. އަދި ޒަލަފްގެ ގައިގާ ނިކަން ލޯބިން ބައްދާލިއެވެ.

“މިހާ އަވަހަށް ޓީޝާޓު ލީތަ؟ ވަރަށް ހެޔޮވަރު ދޯ…” ޒަލަފްއާ ދުރަށް ޖެހިލާ އޭނާއަށް ބަލާލަމުން ޔަލާ ބުންޏެވެ.

“ޔަލާ ބުނެފައެއްނު އޮތީ ޔަލާ ގާތަށް އަންނައިރު މި ޓީޝާޓު ލައިގެން އަންނާނެކަމަށް ހީކުރާ ވާހަކަ، އަނެއްކާ މިރޭ އަންނާނަމޭ އަހަރެން ބުނީމެއްނު… އަން! މީ ޔަލާއަށް އަހަރެންގެ ފަރާތުން” ޒަލަފް ވާހަކަދައްކަމުން އޭނާގެ އަތުގައި އޮތް ރަތްކުލައިގެ ތިން ފިނިފެންމާ ޔަލާއަށް ދިއްކޮށްލިއެވެ.

“އާޗާ! ހާދަ ބޮޑެތި ރޯސްތަކެކޭ ދޯ… އަވަހަށް ފެނަށް ލާންވީ، އޭރުން މޯޅި ނުވާނީ” ފިނިމެންތާތަކުގައި ހިފުމާއެކު ޔަލާ އެއިން ވަސްބަލާލިއެވެ. އަދި މޭޒުމަތީގައި ފަންސޫރަކާއި ދެތިން ގަލަން ޖަހާފައި ހުރި ބިއްލޫރި ފުޅި މޭޒު މައްޗަށް ބަންޑުން ޖަހާލާފައި އެ ފުޅު ހިފައިގެން ފާޚާނާއަށް ވަދެ ފެންއަޅައިގެން ނުކުތެވެ. އޭނާ އަވަސްވެގަތީ އަތުގައި ހުރި މާތަށް އެ ފުޅިއަށް ޖަހާށެވެ. އޭރު ޒަލަފް އައިސް ޔަލާގެ އެނދުގައި އިށީނދެއްޖެއެވެ.

“ތި މާތައް އެހާ އަވަހަށް މޯޅިއެއްނުވާނެ…” ފިނިފެންމާތަކުގެ ފިޔަތަކުގައި ފިރުމަމުން އެ މާތަކަށް ތަޢުރީފު ކުރަމުން ދިޔަ ޔަލާއަށް ޒަލަފް ބުންޏެވެ.

“ޒާލްގެ ސްޕެޝަލް ރޯސަސް ވީމަތަ؟” ޔަލާ ދިމާކޮށްލުމަށް ބުނެލިއެވެ. އަދި އައިސް އެނދުގައި އިށީނެވެ.

އެހެން ރޭރެއާ ޒަލަފް ތަފާތުހެން ޔަލާއަށް ހީވިއެވެ. ޒަލަފް މިރޭ އެހާގިނަ ވާހަކައެއް ނުދައްކައެވެ. އަނެއްކޮޅުން އޭނާއަކީ ޔަލާގެ ގާތުގައި ހުންނައިރު ވަރަށް ސަމާސާ ކުރާހިތްވާ ޒުވާނެކެވެ. އެފަދަ ގޯނާއެއް ވެސް މިރެއަކު ޔަލާއަކާ ކުރިމައްޗެއް ނުވިއެވެ.

“ޒާލް ކަމަކާ ވިސްނަނީތަ؟” ޒަލަފްގެ އަތުގެ ތެރޭގައި އޭނާގެ މޭގައި ފިރުމާލަ ފިރުމާލާ އޮތް ޔަލާ އަހާލިއެވެ.

“އަބަދުވެސް ކަންތައްތަކާ ވިސްނާނެއެއްނު…” ޒަލަފް އާދައިގެ ގޮތަކަށް ޖަވާބުދިނެވެ. އޭނާގެ ސިކުނޑިއަށް އުނދަގޫ ކުރަނީ ބެހެމަތްއެވެ. އޭނާ ކަންބޮޑުވަނީ ޔަލާއާ ބައްދަލުކުރަން އައިވަގުތު ބެހެމަތް އެތަނަށް އައުމުންނެވެ. އޭނާ ޔަލާއާ ކުރިމަތިލާފާނެތީއެވެ. އެކަހަލަ ކަމެއް ހިނގުމުގެ ކުރިން އޭނާ ހުއްޓުވަން ޒަލަފް މިހާރުއްސުރެން ވިސްނަނީއެވެ. ބެހެމަތްގެ ވާހަކަތަކުން ޒަލަފްގެ ހިތާއި ރޫހަށް ވެސް އޭގެ އަސަރު ކުރިއެވެ.

“އެހެންޏާ ޒާލް ވަރަށް ސަކަރާތްޖަހާނެ، އެކަމަކު މިރޭ ތި އޮންނަނީ ވަރަށް މަޑުމަޑުން” ޔަލާ އަނެއްކާ ވެސް ވާހަކަފެށީ ޒަލަފްއަށް ވެފައި އޮތް ގޮތެއް ހޯދާށެވެ.

“އެހެންޏާ އަހަރުމެން ދެމެދުގައި ހިނގާ ކަންތައްތަކެއް މިރެއަކު ނުވާނެއެއްނު، ޔަލާ ތިހުރީ ބަލިވެފައެއްނު… އަންހެންކުދިން ބަލިވާ ދުވަސްކޮޅެއް އަންނަކަން އަހަންނަށް ވެސް މިހާރު އެނގެޔޭ… މިހާ ނާޒުކު ދުވަސްކޮޅެއްގައި ތި ހަށިގަނޑަށް ބަލަންވާނެއެއްނު، ތީ އަހަރެންގެ މުސްތަޤުބަލް… އަނެއްކާ ޔަލާ މާބޮޑަށް މިސްވަނީތަ އެކަންތައް؟”

“ދެން ޒާލް… އަބަދުވެސް އުޅޭނީ އަހަރެން ލަދުގަންނަވާލަން…” ޔަލާގެ މޫނު ޒަލަފްގެ ކިހިލިފަތް ދޭތެރެއަށްލާ ފޮރުވާލިއެވެ.

“ޔަލާ ލަދުން އުޅޭއިރު ވަރަށް ލޯބި… އަސްލު މިރޭ ޔަލާއާ ބައްދަލުވިއިރަށް އަހަންނަށް އެނގިއްޖެ ޔަލާ ހުރީ ކޮން ހާލެއްގައިކަން، މިރޭ ޔަލާގެ ތަފާތު ރީތިކަމެއް ހުރީ… އަނެއްކާ ގާތްވީމަ ވަސް ވެސް ތަފާތު…”

“އައްޗީޑި… ދެން ތިބުނީ ނުބައިސް ދުވީއޭތަ… އެކަމަކު އަހަރެން ދިޔައީ ވަރަށް ގަދައަށް ސެންޓު ވެސް ޖަހައިގެން” ޔަލާ ބޯހިއްލާލާފައި މޫނު ހަދާލިއެވެ. އެއާއެކު އޭނާގެ ކޯތާފަތުގައި ޒަލަފް ފިރުމާލިއެވެ.

“ތިހާ ގަދަ ސެންޓުޖެހީމާ ވެސް ކިހާ ވަހެއްހުންނާނެ، ހަމަތެދެއް… ނުބައިވަހެއް ނުދުވާ… ޤަބޫލުކުރޭ…” ޒަލަފް ހީނލާފައި ބުންޏެވެ.

“ދެން އެވާހަކަ ބާއްވަބަލަ… އެނގޭތަ… މިރޭ އަހަރެން ބުނަން ހަނދާންނެތުނީއޭ… އަހަރެންގެ ބޮސް ރީހާންގެ ވާހަކަ ބުނީމެއްނު، އެއީ ވަރަށް ނައިސް ފްރެންޑެއް، އޭނާގެ ގާތުގައި އަހަރެން ބުނިން ޒާލް ކިޔާ ކުއްޖަކާ ރައްޓެހިވެގެން އުޅޭ ވާހަކަ…”

“ތިހެން އަހަރެންގެ ވާހަކަ މީސްމީހުން ކައިރީ ދައްކާފައި ޔަލާ ނުގެއްލެއްޗޭ” ޒަލަފް ކުއްލިއަކަށް އޭނާއާ ޔަލާ ވަރަށް ގާތްކޮށްލިއެވެ.

“ދުވަހަކު ވެސް ނުގެއްލޭނެ… ޒާލްދެކެ އަހަރެން އެވަރަށް ލޯބިވޭ… މިއޮއް ބޮޑު ދުނިޔެ އެފުށްމިފުށަށް ޖެހުނަސް އަހަރެންގެ ހިތުން ޒާލްގެ ލޯތްބެއް އިރާދަކުރެއްވިއްޔާ ފޮހެވިގެން ނުދާނެ… ބައެއްފަހަރު ބިރުގަނޭ މިހާ ލޯބިވާތީ… ހިތަށް އަރަނީ ޒާލް އަހަންނަށް ނުލިބިއްޖެއްޔާ އަހަންނަށް ކިހިނެއްބާއޭ ވާނީ… އަހަރެން ދުނިޔޭގައި ހުންނާނެބާއޭ… ނޫނީ މޮޔައެއްގެ ގޮތުގައި އެ ދުވަހު ވާނީބާއޭ…”

“ޝްޝްޝް… އަހަންނަށް މިދެއްކުނީ މުޅިން ރަނގަޅު ވާހަކައެއްނޫން. ދެ މީހުން ވަކިވާ ކަހަލަ ވާހަކަ އެއްގޮތަކަށް ވެސް ދައްކާކަށް އަހަރެން ބޭނުމެއްނޫން… ޔަލާދެކެ އަހަރެން ވެސް ވަރަށް ލޯބިވޭ… އެންމެ ފުރަތަމަ ފެނުނު ވަގުތުން ފެށިގެން ވެސް ތި ކުއްޖާއަށް އަހަރެންގެ ހިތް ދެވުނު… އަހަރެން ޔަލާގެ ގާތުގައި ނެތްދުވަހެއް އަތުވެއްޖެނަމަ އެއީ ޔަޤީނުން ވެސް އަހަރެން ދުނިޔޭގައި ނެތީ… މި ހަށި ދޫކޮށް ފުރާނަ ނުކުމެގެން ދިޔައީކަން ޔަޤީން… އެ ދުވަހަކުން ވެސް އަހަރެންގެ ރޫޙު ޔަލާ ހޯދާނެކަން ޔަޤީން… އެހެންވީމަ އަހަރުމެން ދެ މީހުންނަކީ ވަކިވާނެ ދެ މީހުންނެއްނޫން” މަޑުމަޑުން ޔަލާގެ ބޮލުގައި ފިރުމާލާފައި އޭނާގެ ނިތްކުރީގައި ޒަލަފް ބޮސްދިނެވެ.

މިރޭ ވެސް އަރާމު ނިދީގެ ތެރޭ ޔަލާ ހަމަޖެހެންދެން ޒަލަފް އޮތެވެ. އިރުއިރުކޮޅާ އެ ރީތި ދޮން މޫނުގެ ކޮންމެވެސް ތާކު ޒަލަފްގެ ތުންފަތް ޖައްސާލައެވެ. ލޯތްބާއެކު ޔަލާގެ ހަށިގަނޑުގައި ފިރުމާލާނެއެވެ. އޭނާގެ އަތްތިލައިގެ ތެރޭގައި ޔަލާގެ އަތްތިލަ ހެޔޮވަރުކޮށްލައެވެ. ރެޔާއި ދުވާލު ޔަލާގެ ގާތުގައި ހުންނަން ޒަލަފް ބޭނުންވެއެވެ. އެހެންނަމަވެސް އޭނާއަށް މުޅި ރޭ ވެސް ހޭދަކޮށްލެވޭކަށް ނެތެވެ. ބެހެމަތް އެނބުރި ގޮސް ރަޚަބްމެންގެ ގާތުގައި ވާހަކައެއް ދައްކަފާނެކަމުގެ ބިރު ޒަލަފް ހިތުގައިވެއެވެ. މަޑުމަޑުން ޔަލާގެ ތަންމަތިން ތެދުވެ އޭނާގެ ގައިމަތީގައިވާ ރަޖާގަނޑު ޒަލަފް ރަނގަޅުކޮށްލިއެވެ. އަދި މިރޭ ޔަލާއަށް ބަލަން އިރުކޮޅަކު މަޑުކުރުމުގެ ބަދަލުގައި ވަގުތުން އޭނާ އެ ކޮޓަރިން ޤައިބުވީ ރަޚަބްމެންގެ ގާތަށް ދިއުމަށް ދަތުރުފެށުމުގެ ގޮތުންނެވެ.

ތިންގަނޑި ބައިވެ ބެރުތަކުގެ އަޑުތައް ކެނޑި މީހުންގަނޑު ނުކުންނަމުން ދިޔައެވެ. އެމީހުންގެ ތެރެއިން އެތެރެއަށް ވަންނަން އައި ޒަލަފްއަށް މަގު ހަދާ ކުރުނީސްކުރަމުން ކޮންމެ މީހަކު ނުކުމެގެން ދެއެވެ. އަވަސްއަރުވާލާފައި ޒަލަފް އައިސް އެތެރެއަށް ވަނެވެ. ސިޑިއަށް ބަލާލާފައި ވެސް އޭނާ ހިނގައިގަތީ ބެހެމަތް ހުރެދާނެހެން ހީވާ ދިމާއަށެވެ. އޭރު ހިއްރާއާއި ގޭގެ އެހެން އަންހެން ވެރިން ލޯތަށިތައް ދޮވުމުގައި ބަދިގެއާ ވީފަރާތުގައި އުޅެއެވެ.

“ޒަލަފް… ކިހިނެއްވީ؟ އެއްޗެއް ބޭނުންވީތަ؟ ގޭތެރޭގައި އުޅޭ ކުއްޖަކު ގާތުގައި ބުނެލިނަމަ” ހިއްރާއަށް ފެނުމާއެކު އައިސް ޒަލަފްއާ ވާހަކަދައްކަންފެށިއެވެ.

“ބެހެމަތް އެބަހުރިތަ؟” މީހުންގަނޑުގެ ތެރެއިން ބެހެމަތް ހޯދަމުން ޒަލަފް އަހާލިއެވެ.

“ބެހެމަތްވީ ކޮޓަރީގަހެން ހީވަނީ، މިތާކުނެތް..” ޒަލަފްގެ ކެތްތެރިކަން ކުޑަވެފައިވާ ލޮލަށް ބަލަން ހުރެ ހިއްރާ ބުންޏެވެ. އިތުރު އެއްވެސް ވާހަކައެއް ނުދައްކާ ޒަލަފް އަވަސްވެގަތީ ބެހެމަތްގެ ކޮޓަރިއަށް ދާށެވެ.

“ބެހެމަތް… ބެހެމަތް… ދޮރުހުޅުވާލަބަލަ” ބެހެމަތްގެ ކޮޓަރި ދޮރުމަތީ މަޑުކޮށްލައިގެން ހުރި ޒަލަފް ދޮރުގައި ޓަކި ޖަހާލުމާއެކު ވާހަކަދެއްކިއެވެ.

“ދޮރު ނުހުޅުވިޔަސް އަހަރެން އެބަ ވަންނަން” ބެހެމަތްގެ ފަރާތުން ޖަވާބެއް ނުލިބި ގިނައިރުވާން ފެށުމުން ޒަލަފް ބުންޏެވެ. އަދި ދެ ފަރާތަށް ބަލާލުމާއެކު ޖެހިލުންވެފައި ހުރެ އެ ކޮޓަރީގެ ދޮރު ހުޅުވާލިއެވެ.

ވަށައިގެންވަނީ އަނދިރިކަމެވެ. ޒަލަފްގެ ކޮޓަރިއަށްވުރެ އެ ކޮޓަރީގައި ހުރި ކުޑަދޮރުތައް ގިނައެވެ. ނަމަވެސް ހަނދުވަރުގެ އަލިކަމެއް ނެތުމުން އެ ކުޑަދޮރުތަކުން ވެސް މާބޮޑު އަލިކަމެއް ކޮޓަރިއަކަށް ނުވެއެވެ. ޒަލަފް އޭނާގެ ޖިންސުގެ ޖީބުގައި އަތްޖައްސާލާފައި ފޯނު ނެގިއެވެ. އަދި އޭގެ ބައްތި ދިއްލާލުމާއެކު ކުޑަދޮރުކައިރީ އަނދިރިގަނޑަކާ ނިވާވެގެން ހުރި ބެހެމަތް ފެނުނެވެ. އެއާއެކު ޒަލަފްއަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއްލިބުނެވެ. ބެހެމަތްއާ ވާހަކަދެއްކުމުގެ ކުރިން އޭނާ ބެލީ އެކޮޓަރީގައި ހުރި ދެ ފާނޫޒު ދިއްލޭތޯއެވެ. އެކަން ކުރެވުމުން ފަނޑުފަނޑު އޮރެންޖުކުލައެއް މުޅި ކޮޓަރިއަށް ވެރިވެގެން ދިޔައެވެ.

“ކީއްކުރަން ތިއައީ… މިތަން އަލިކުރާނެކަމެއްނެތް” ބެހެމަތް ނުރުހިފައި ބުނެލިއެވެ.

“މިއައީ ބެހެމަތްއާ ވާހަކަދައްކަން… ބުނީމެއްނު އަހަންނާ ދައްކަންޖެހޭ ބައިވަރު ވާހަކަ އެބަހުއްޓޭ… އަހަރެން ބޭނުމެއްނުން އަހަރުމެން ދެ މީހުން މިތަނުގައި ވާހަކަދައްކަން ތިއްބާ އިތުރު މީހަކު އައިސް ވަންނައިރު މިތަން އަނދިރިކޮށް އޮންނާކަށް” ޒަލަފް ވާހަކަދެއްކީ މަޑުމައިތިރިކަމާއެކުއެވެ.

“މިކޮޓަރިއަށް އަހަރެންގެ ހުއްދަ ނުލިބި އެކަކަށް ވެސް ނުވަދެވޭނެ…” ބެހެމަތް ދެން ވެސް ހުރީ ކުޑަދޮރުގެ ކައިރި އިހު ހުރި ފިޔަވަޅުމަތީއެވެ. ޒަލަފްއަށް ބަލާވެސް ނުލިއެވެ.

“ބެހެމަތް… ރުޅި މަޑުކޮށްފައި އަހަންނާ ވާހަކަދައްކަން މިކޮޅަށް އެނބުރިބަލަ، ކީއްވެތަ އަހަރެންގެ ފަހަތުން ބެހެމަތް އައީ؟” ޒަލަފް އައިސް ކުޑަދޮރުގެ ކައިރިއަށް މަޑުކޮށްލިއެވެ. ނަމަވެސް ބެހެމަތްހުރީ ކުޑަދޮރުން ބޭރު ފެންނާނޭހެން އެނބުރިއެވެ.

“އަހަންނަކީ ޒަލަފްގެ ރައްޓެއްސަކަށް ވެސް ނުވި… އަހަރެންގެ ބަހަށް އެއްވެސް ޤަދަރެއްނުކުރި… މިތަނުގައި އުޅޭތާ އެތައް ދުވަހެއް ވީއިރު ޒަލަފްއަށް ދަސްވީ ދެން ކޮންކަމެއް” ބެހެމަތްގެ އަޑުގައި ހުރި ތުރުތުރު ޒަލަފްއަށް ފާހަގަކުރެވުނެވެ.

“ބެހެމަތް ރޮނީތަ؟ އަހަންނަށް ކަންތައްކުރެވުނީ މާ ހަރުކަށިކޮށް ދޯ… މާފުކުރޭ… އެއީ އަހަރެން ވެސް ހާސްވެފައި ހުރިވަރުން ވާހަކަދެއްކުނު ގޮތް… ބެހެމަތްއަކީ އަހަރެންގެ ބައްޕަ އެންމެ އިތުބާރުކުރާ މީހާގެ ދަރިފުޅު…” ޒަލަފްގެ ވާހަކަ ފުރިހަމަ ނުކުރެވެނީސް ބެހެމަތްއަށް މާބޮޑަށް ރޮވިއްޖެއެވެ. އޭނާ މޫނުގައި ދެއަތް އަޅައި ކުޑަދޮރުގެ ބިއްލޫރުގަނޑުގެ ތެރެއަށް ވަދެގެން ދާން އުޅުނު ކަހަލައެވެ. ޒަލަފް ޚިޔާލު އެވަގުތު ބަދަލުވިއެވެ. އޭނާ ހީކުރާ ފަދަ ނުބައިކަމެއް ބެހެމަތް ނުކުރާނެއޭ އެވަގުތު ހިތަށް އެރިއެވެ. ހަމައެއާއެކު އޭނާއަށް ކަންތައްކުރެވުނު ހަރުކަށިގޮތާއި މެދު ދެރަވެއްޖެއެވެ. ބެހެމަތްއާ މެދު އޭނާ މުޅީން ވެސް ކަންތައް ކުރެވެމުން އައީ ހަރުކަށިކޮށްކަން އިހުސާސްކުރެވުނެވެ. އެ އަންހެންކުއްޖާގެ ވެސް ހިތަކާއި އިހުސާސްތަކެއް ވާނޭކަން ޒަލަފްއަށް ވިސްނާލެވުނީ އަދިކިރިޔާއެވެ. މަޑުމަޑުން ބެހެމަތްގެ ގާތަށް ޒަލަފް އައެވެ. އަދި ބެހެމަތްގެ ކޮނޑުގައި ދެ އަތުން ހިފައި އޭނާއާ ދިމާއަށް އަނބުރާލިއެވެ.

“އަހަންނަށް މާފުކުރޭ… ރައްޓެހިން އެކަކު އަނެކަކު ދެރަވާގޮތަށް ކަންތަކެއް ނުކުރާނެ… އެހެންނު” ބެހެމަތްގެ ކޯތާފަތުގައި ދެއަތުން ޒަލަފް ހިފަހައްޓާލައިގެން ހުއްޓެވެ. އެވަގުތު ބެހެމަތްއަށް ބަޔާންކުރަން ދަތި ގޮތްތަކެއް ވަމުން ދިޔައެވެ. އޭނާ އައިސްފައި ހުރި ރުޅި ވެސް ފިނިވެއްޖެއެވެ. ހިތުގައި އުފެދުނު އުދާސްކަން ނެތި ފިނި ވައިރޯޅިއެއް ނަފްސުގައި ބީހެން ފެށި ކަހަލައެވެ. ޒަލަފްގެ ދެލޮލަށް ބަލަހައްޓައިގެން ހުރުން ފިޔަވާ އޭނާއަށް އިތުރުކަމެއް ނުކުރެވުނެވެ. އެ ދެލޯ ތެތްމި ކަރުނަތަކުގެ އަސަރު ބެހެމަތްގެ މޫނުން ކަނޑުވާލީ ޒަލަފްގެ ދެއަތްތިލައެވެ. އޭނާ ބެހެމަތްގެ ކޯތާފަތް ފުހެލުމާއެކު ހިނިތުންވެލިއެވެ.

“މިރޭ ވީ ކަންތަކާމެދު ވާހަކަދައްކަމާ… ދުވަސްކޮޅެއްވެއްޖެ ބެހެމަތް އަހަންނަށް ފިލައިގެން އުޅޭތާ ވެސް…” ޒަލަފް ބެހެމަތްގެ އަތުގައި ހިފައިގެން އައިސް އެނދުގައި އިށީނެވެ. ބެހެމަތް ވެސް ބޯޖަހާލިއެވެ.

އިރުކޮޅަކު ޒަލަފް މަޑުކޮށްލައިގެން އިނީ ބެހެމަތް ވާހަކަ ފަށާނޭ ކަމަށެވެ. އެހެންނަމަވެސް އޭނާ އިނީ އިސްޖަހާލަފައިގެން ހިމޭން ވެފައެވެ. އެހެންވެ ވާހަކަދައްކަން އަނެއްކާ ވެސް އިސްނަގަން ޖެހުނީ ޒަލަފްއަށެވެ.

“ފުރަތަމަ ބުނެދީ ބެހެމަތް އަހަންނަށް ފިލައިގެން އުޅެންވީ ސަބަބު؟ ކުރީން އަބަދު އުޅޭނީ އަހަރެން ވާހަކަނުދައްކައިގެން… ޝަރުތު ވެސް ކުރީމެއްނު ބެހެމަތުއަށް ވަގުތުކޮޅެއް ހުސްކޮށްދޭންވާނެއޭ ކިޔާފައި…. ދެން…” ޒަލަފްގެ ވާހަކަ މެދު ކެނޑި އޭނާ ސިއްސައިގެން ދިޔައީ ބެހެމަތް ގެނައި ކުއްލި ހަރަކާތުންނެވެ. ހީވީ ކޮޓަރިތެރޭގައި ބާރު ވައިރޯޅިއެއް އެނބުރިގަތް ހެންނެވެ. ޒަލަފްގެ މޭގައި އަތްއަޅާ އެނދުމައްޗަށް ކޮށްޕާލުމާއެކު ބެހެމަތް ފެނުނީ ކުޑަދޮރު ކައިރީ މަޑުކޮށްލައިގެން ހުއްޓައެވެ. ހަމަ އެހިނދު އެ ކޮޓަރީގެ ދޮރު ހުޅުވާލާފައި އެތެރެއަށް މީހަކު ވަނެވެ.

ހައިރާންކަން ލިބިގެން ދިޔަ ޒަލަފް އެނދުން ތެދުވި ވަގުތު ކޮޓަރީގެ އެތެރެއަށް ވާގޮތަށް ދޮރުކައިރީ މަޑުކޮށްލައިގެން ހުރި މެލްފަސް ފެނުނެވެ. އިތުރު ހާސްކަމެއް އޭނާއަށް ލިބިގެން ދިޔައެވެ. އަނގައިން ބުނުމެއްނެތި އިސްޖަހާލެވުނީ އެހެންވެއެވެ. ކުޑަދޮރުގެ ކައިރީ އެއްއަތުން އަނެއްއަތުގެ މުލައްދަނޑީގައި ހިފަހައްޓާލައިގެން ބެހެމަތް ހުރި އިރު އޭނާ ވެސް ހުރީ އިސްޖަހާލައިގެންނެވެ. ބެހެމަތްގެ ހަރަކާތްތައް ކުއްލިއަކަށް ބަދަލުވާން މެދުވެރިވި ސަބަބު މިހާރު ޒަލަފްއަށް ވެސް އޮޅުން ފިލައިފިއެވެ.

މެލްފަސް ވަރަށް ރަނގަޅަށް ޒަލަފްއާއި ބެހެމަތްއަށް ބަލާލިއެވެ. ލާނެތް ހިންޏެއް އައިސްފައި ހުރިއިރު އެކަން އޭނާގެ މޫނުމަތިން ފޮރުވަން މަސައްކަތްކުރިއެވެ. އޭނާއަށް ހީކުރެވުނީ ޒަލަފްއާއި ބެހެމަތްގެ ދެމެދުގައި ހިނގަމުން އައި ސިއްރު ގުޅުންތައް މިރޭ އޭނާއަށް ވެސް ފަޅާއެރީ ކަމުގައެވެ.

“ވަރަށް ލަސްވެއްޖެ، ބައްޕަ ނިދަން ދަމުން ވަދެލީ… ދެން ހޭލާ ނޫޅެ ދަރިފުޅު ވެސް ނިދަން އުޅޭ” މެލްފަސް މިހެން ބުނުމާއެކު އެ ކޮޓަރީގައި މަޑުކުރާކަށް ގަސްދެއް ނުކުރިއެވެ. އެހެންވެ މަޑުމަޑުން އެ ކޮޓަރިން ނުކުމެ ކޮޓަރީގެ ދޮރު ލައްޕާލިއެވެ.

“މާދަމާ ހެނދުނުން އަހަންނާ ބައްދަލުކުރަން ބެހެމަތް އަންނައްޗޭ، ގާތް ގަނޑަށް ދިހަގަޑިބައިކަން ހާއިރު އަހަރެން ހުންނާނަން ބޯކަށިކެޔޮ ގަސްދަކާ ދިމާގައި…” ޒަލަފް ތަންކޮޅެއް އަވަހަށް ބުނެލިއެވެ. އަދި އޭނާ ވެސް އެ ކޮޓަރިން ނުކުންނަން ހިނގައިގަތެވެ. އެހިނދު ބެހެމަތް އޭނާއަށް ގޮވާލިއެވެ.

“ދަނީތަ؟”

“އާން، ބެހެމަތްގެ ބައްޕަ ބުނިހެން މިހާރު ވަރަށް ލަސްވެއްޖެ، އެންމެން ވެސް ނިދަން އެ ދަނީ، އަނެއްކާ މި ގަޑީގައި އަހަރެން މި ކޮޓަރިން ފެނުމުން ހީކުރާނީ ކީކޭ… އެހެންވީމަ ބޭނުންވަނީ މިރޭ ދެން ދާން… މާދަމާ ދިމާވާނެއެއްނު” ޒަލަފްގެ އަޑުގައި ހުރީ މަޑުމައިތިރިކަމެވެ.

ބެހެމަތްގެ ކޮޓަރިން ޒަލަފް ނުކުމެގެން އައިސް އޭނާގެ ކޮޓަރިއަށް ވަނެވެ. ލައިގެން ހުރި ޓީޝާޓު ބާލާފައި އެއްފަރާތުގައި ހުރި ގޮނޑިއެއްގައި އަޅު ވާލިއެވެ. އަދި އައިސް އެނދުގައި އޮށޯވެލިއެވެ. އެއާއެކު އޭނާއަށް ވެސް ވަރުބަލިކަން އިހުސާސް ކުރެވިގެން ދިޔައެވެ. ކަމަކާ ވިސްނުން ހިންގާލެވޭވަރެއް އޭނާއަކަށް ނުވިއެވެ. މަރާލި ލޮލާއެކު ނިދި ސަވާރުވެ ނިދީގެ ތެރެއަށް މީހާގެ ނަފްސު ގެއްލި ހިމޭންވެއްޖެއެވެ.

(ނުނިމޭ)

Leave a Comment

Your email address will not be published. Required fields are marked *