HEEVEY KALAA VAAHEN [EP-02]

( ހީވޭ ކަލާ ވާހެން، މި ވާހަކައަކީ 8 މެއި 2016 އިން 29 ޑިސެމްބަރ 2017 އަށް ޖުމްލަ 89 އެޕިސޮޑްގެ ގޮތުގައި ވީނިއުސްގައި ޝާއިރު ކުރެވުނު ވާހަކައެއް. )

ކޮންމެވެސް ބާރުގަދަ އަތަކުން ޔަލާގެ ވައަތުގައި ހިފާ ދަމައިގަތްކަން އޭނާއަށް އިހުސާސްވިއެވެ. އެހެންނަމަވެސް މެޔަށްވަނީ ބަރުވެފައެވެ. ދެ ލޯ ދިޔައީ މަޑުމަޑުން މެރެމުންނެވެ. އެމީހަކު ފެންގަނޑުގެ ތެރެއިން ޔަލާ ނަގާ އެއްފަރާތުގައި ބާއްވާލިއެވެ. އަދި ޔަލާގެ އަނގައިން ފެން ނެރެން އޭނާ މަސައްކަތް ކުރިއެވެ. ޔަލާގެ ކޯތާފަތަގައި ދެ ފަހަރަކު ޖަހާ ވެސް ލިއެވެ. މެރެމުންދިޔަ ލޮލުން ޔަލާއަށް އެމީހެއްގެ މޫނެއް ނުފެނެއެވެ. އޭނާގެ ދިގު އިސްތަށިގަނޑުން މޫނު ފޮރުވާފައި ހުރީއެވެ. ނޫނީ އެމީހަކުގެ މޫނު ނިވާނޭ ފަދަ ހުޑެއް އަޅައިގެން ހުރީއެވެ. ކޮންމެ ގޮތެއް ވިޔަސް އެއީ ބާރުގަދަ މީހެކެވެ. އޭނާގެ ވައަތު ކޮނޑުމައްޗަށް ޔަލާ ލައިގެން އެމީހަކު ހިނގާފައި ދިޔައިރު ފުސްކޮށް ކަހަލަ ގޮތަކަށް އޭނާގެ އަނެއް އަތުގައި އޮތް ފާނޫޒުގައިވާ ހުޅުކޮޅުގެ އަލި ޔަލާއަށް ފެންނަމުން ދިޔައެވެ.

ފިނިކަމުން ހަށިގަނޑު ތުރުތުރުލަމުން ދިޔައިރު ލޯ ހުޅުވަން ޔަލާ ކުރިހާ މަސައްކަތެއް ބޭކާރުވެ އޭނާގެ ޚަބަރު ހުސްވިއެވެ. ޔަލާ ގޮނޑަށް ލައިގެން އެ މީހާ ގޭތެރެއަށް ވަނެވެ. އަދި އެންމެ ފުރަތަމަ ފެންނަން ހުރި ސޯފާސެޓުގެ ތެރެއިން ދިގު ސޯފާގައި ޔަލާ ބޭއްވުމާއެކު އެތެރެއަށް ހިނގައިގަތެވެ.

“ޒާލް… ކާކު ގޮވައިގެން ތިއައީ؟ ބުނަމެންނު ފެންސުގެ ބޭރަށް ނުދައްޗޭ… އެހެންނޫނަސް މިގެއަށް މީހުން ވަނުމަކީ ބައްޕަ ރުހޭކަމެއް ނޫނެއްނު، ދެން ކީއްވެ ޒާލް އޭނާ މިގެއަށް ތިގެނައީ…. އޭނާ އޮތް ތަނަކަށް ގެންގޮސްލާން ދޭން” ބަދިގެތެރެއިން ނުކުންނަން އައި އަރީޝާއަށް ސޯފާގައި އޮތް އަންހެން ކުއްޖާ ފެނުމުން އިންތިހާއަށް ކަންބޮޑުވިއެވެ.

“އޭނާ މަރުވާން ދޫކޮށްލަންވީތަ؟ އެހެންވިއްޔާ މަންމަ އޭނާ މަރާލަންވީނު… އަހަރެންގެ މައްސަލައެއްނެތް” އިސްޖަހައިގެން ހުރެ ޒަލަފް ވާހަކަދެއްކީ އެއްވެސް އަސަރެއް ނެތިއެވެ. އޭނާގެ ވާހަކަ އިވިފައި އަރީޝާ ހިމޭންވިއެވެ.

“އެއީ މަންމަ އެހެން ބުނި އެއްޗެއް ނޫނޭ… އިންސާނަކު މަރާކަށް ނުވާނެއެއްނު” އަރީޝާގެ ރާގުގަނޑު ވަގުތުން ބަދަލުވިއެވެ. އަދި ސޯފާގެ ކައިރިއަށް އައިސް ޔަލާއަށް ވަރަށް ރަނގަޅަށް ބަލާލިއެވެ. ކަށިމައްޗާ ހަމައަށް ހުރި މަޑުރީނދޫ ކުލައިގެ ދިގު ހެދުމުގެ ފަސްބަޔާއި އެކި ދިމާދިމާވަނީ ޗަކައަށް ވެފައެވެ. ތެމިފޯވެފައި އޮތްއިރު ފިނިވެގެން އޭނާ ތުރުތުރުލަނީކަން އަރީޝާއަށް އެނގުނެވެ. އޭނާގެ ދާދި ގާތުގައި ޒަލަފް ހުރި އިރު އޭނާގެ ނަޒަރު ހުރީ ޔަލާއަށް ހުއްޓިފައެވެ. އެތަން ފެނުމާއެކު އަރީޝާއަށް އިތުރު ހާސްކަމެއް ލިބިގެންދިޔައެވެ.

“އޭނާ ނަގައިގެން ގެނޭ” އަރީޝާ ބުނެލިއެވެ. އެއާއެކު ޔަލާ އަތްދަނޑިމައްޗަށް އުފުލާލައިގެން ޒަލަފް ހިނގައިގަތީ އަރީޝާގެ ފަހަތުންނެވެ.

“މިރޭ މި ކޮޓަރީގައި އޭނާ ބާއްވާނީ” އަރީޝާ ދޮރުހުޅުވާލާފައި ބުނެލިއެވެ. އަނގައިން ބުނުމެއްނެތި ޒަލަފް އެ ކޮޓަރިއަށް ވަދެގެން އައިސް އެނދުގައި ޔަލާ ބޭއްވިއެވެ.

“ދެން ޒާލް ދޭ ކޮޓަރިއަށް، ހެނދުނުގެ ސައި ކޮޓަރިއަށް މަންމަ ގެންދާނަން” ޒަލަފްއާއި އެނދުގައި އޮތް ޔަލާގެ ދެމެދަށް ހުރަހަކަށް އަރީޝާ ވަމުން ބުނެލިއެވެ. އޭނާގެ މަންމައަށް އެއްފަހަރު އަނެއްފަހަރު އެނދުގައި އޮތް ޔަލާއަށް ބަލާލާފައި ޒަލަފް އެ ކޮޓަރިން ނުކުތެވެ.

* * * *

“ލުހާ…” ކޮޓަރީގައި އިން ލުހާއަށް ރައްޔާ ގޮވާލިއެވެ.

“ސޯ ސޮރީ ދޮންތާ، މަންމަ އަދިވެސް ރޮނީ ދޯ… އިޓްސް އޯލް މައި ފޯލްޓް” ރޮވިފައި އިން ލުހާ ބުނެލިއެވެ.

“އެތަން އޮތްލެއް ނާމާންކަން ލުހާއަށް ވެސް އެނގޭނެ، އަނެއްކާ އެހިސާބަކީ މީހުން ގޮސް އުޅޭ ވެސް ހިސާބެއްނޫން، ދޮންތަ ގެއަށް އަންނަން ނައްޓާލީމާ ހީކުރީ ލުހާމެން ވެސް ގެއަށް އަންނާނީ ކަމަށް، ސިތާރާ ވެސް އެތަނުގައި ހުރެ އެކަމަށް ބާރު ނޭޅީމާ ދެރައީ” ލުހާގެ ގައިގާ ހިފަހައްޓާލައިގެން ފެންކަޅިވެފައި އިން ސިތާރާއާ ދިމާއާށް ރައްޔާގެ އެންމެ ފަހު ބަސްތައް އަމާޒުކޮށްލިއެވެ.

“ހަމަ ހުވާ ރައްޔާ… ޔާލް ހުރީ އަހަރުމެންގެ ފަހަތުގައި… އަހަރެން ޤަބޫލުކުރަން އަހަރެންގެ ކުށް އެބައޮތްކަން… ޔާލް ހަޅޭލަވައިގަތީމަ އެއްގޮތަކަށް ވެސް ހިތަކަށްނާރާ އޭނާއަށް ކަމެއްވިއްޔޭ… ހީކުރީ އެންމެން ވެސް މަޖާވެގެން ހަޅޭލަވާތީ އޭނާ ވެސް ހަޅޭލަވައިގަތީކަމަށް… ޕްލީޒް ރައްޔާ… އަހަރެންގެ ވެސް ކޮއްކޮއެއް ޔާލްއަކީ… އަހަރެން ވަކި އެދޭނެތަ ޔާލްއަށް ދެރައެއްލިބެން” ސިތާރާ ނޭފަތް ދަމާލާފައި ވައަތުން ދެ ލޮލަށް ޖަމާވެގެން އައި ކަރުނަތައް ފުހެލިއެވެ.

“ޔާލް ނުފެނޭތަ އަދިވެސް” ލުހާ އަހާލިއެވެ.

ލުހާ ކޮޓަރީގައި އިނީ ޞާބިރާއާ ކުރިމަތިލާނެހާ ހިތްވަރު ނެތިގެންނެވެ. ގޭތެރެއަށް މީހުންގަނޑު ޖަމާވެގެން އުޅެއެވެ. ރާމިޒާއާއި ގޭދޮށު ދެތިންގެއެއްގެ އަންހެންވެރިން ޞާބިރާގެ ގާތުގައި ސޯފާގައި އިނެވެ. އެމީހުން ޞާބިރާއަށް ހިތްވަރުކުރުމަށް ބުނަމުން ދިޔައެވެ. އެހެންނަމަވެސް ޞާބިރާއަށް ވަނީ ވަރަށް ފުން އަސަރެއްކޮށްފައެވެ. ރާމިޒާގެ ގާތުގައި ޞާބިރާ ބުނަމުން ދިޔައީ މުހުސިނު ގެއްލުނު ގޮތަށް އޭނާގެ ޔަލާ ގެއްލިއްޖެނަމަ އޭނާ ދުނިޔޭން ވެސް މޮޔަވެދާނެކަމުގައެވެ. މި މަންޒަރު ދުށުމަށް ރައްޔާއަށް ކެތެއްނުވިއެވެ. އޭނާ ލުހާގެ ކޮޓަރިއަށް އައިސް ވަނީ އެހެންވެއެވެ.

“ދަޔާންއާއި ރާވީ ދެންމެ އަތުވެއްޖެ… ޔާލްއެއް ނުފެނޭ، ކުޅީ ސަރަޙައްދު އަދިވެސް ބަލަމުން ދާކަމަށް އެމީހުން ބުނީ، ފުލުހުން ވެސް މިހާރު އަތުވެއްޖެކަމަށް ބުނީ، ގަސްތައް ބޯކަމުން އެންމެ އެތެރެއަށް ޔަލާއަށް ނުދެވޭނެކަމަށް އެމީހުން ނިންމަނީ އެހެންވެ ބަލަމުން ދަނީ ކުޅީގެ ކައިރިއަށް ވަދެވެން އޮތް ސަރަޙައްދުތައް، އެއްވެސް މީހަކު ކުޅިއަށް އެރޭކަށް އެއްބަހެއްނުވި…”

“އަނެއްކާ… ނޫން! ނޫން!…” ކުއްލިއަކަށް ރައްޔާގެ ވާހަކަ މެދުކަނޑާލީ ލުހާއެވެ. އޭނާ ކަންބޮޑުވެފައި ދެފަރާތަށް ބޯހޫރަންފެށިއެވެ.

“ކިހިނެއްވީ ލުހާ؟ ޔާލް ވީތަނެއް އެނގެނީތަ؟” ރައްޔާއާއި ސިތާރާގެ ސަމާލުކަން ލުހާއަށް ހުއްޓުނެވެ.

“ސިތާރައްތާ، ޔާލް ބުންޏެއްނު އޭނާއަށް ހުވަފެނުން ފެންނަނީއޭ ގެނބެނިކޮށް… އަނެއްކާ ޔަލާ ކުޅިއަށް ވެއްޓުނީތަ؟”

“އެހެންވާނީ ކިހިނެއް؟ އެތަނަށް މީހަކު ގެނބެނީ އެތަނަށް އެރިގެން ފުން ހިސާބަށް ދިޔައީމަ، ކުޅީގެ ކައިރި މީހަކު އަޑިއަށްދާވަރަކަށް ނުގަބާނެކަމަށް ފަހީމުމެން ވެސް ބުންޏެއްނު… އަހަންނަށް ޤަބޫލެއްނުކުރެވޭ ޔާލް ގެނބިދާނެކަމަށް” ރައްޔާ ބުނެލިއެވެ.

“ލުހާ، ސިތާރައްތަގެ ހިތެއް ވެސް ނުބުނޭ ޔާލް ގެނބިދާނެއެކޭ… ﷲ އެ ކުއްޖާ ހެޔޮހާލުގައި އަހަރުމެންނަށް ރައްދުކޮށްދެއްވާންދޭވެ، އެހެންނޫނީ ޞާބިރައްތައަށް ތަހައްމަލު ނުކުރެވޭވަރުގެ ހިތްދަތިކަމަކަށް ޔާލް ގެއްލުން ވެދާނެ” ސިތާރާ އިސްޖަހާލުމާއެކު ދެ ފަރާތަށް ބޯހޫރާލެވުނީ އޭނާއަށް ކުރެވެމުންދިޔަ ކުށްވެރިކަމުގެ އިހުސާސް އިންނެވެ.

* * * *

މޭގައިވާ ހިތް އެހެންޏާ ނުތެޅޭހާ ބާރުމިނެއްގައި ތެޅެމުންދިޔައެވެ. ހަށިގަނޑުގެ ވިންދު އަވަސްވެފައިވާ ކަހަލައެވެ. ކުޑަދޮރުން ބޭރު ބަލަން ހުރި ޒަލަފް ދެ ލޯ މަރާލަމުން އޭނާގެ މޭގައި ފޮރުވިފައިވާ ހިތާ ދިމާއިން އަތްޖައްސާލިއެވެ. ހަށިފުރާލީ ނޭވާއާއެކު އޭނާގެ ސިކުނޑިއަށް މަންޒަރުތައް ކުލަވެގެން ދިޔައެވެ. އަނދިރީގެ ތެރެއިން މީހެއްގެ ހިލަމެއްވާހެން ހީވެގެން ޒަލަފް ބަލާލި ވަގުތު ރީތި މިއުޒިކެއްފަދަ ހިތްގައިމު އަޑެއް ކަންފަތުގައި ޖެހިގެންދިޔައެވެ. އަނދިރީގެ ތެރެއިން ޕަރީ ފާޅުވާނަމަ އޭނާއަށް ފެނުނީ ޕަރީއެއްކަމުގައި ނިންމިއެވެ. ހެނދުމުގެ ފަސްބައިގައި ހިފައިގެން ދުވަމުން އައީ އޭނާއާ ދިމާއަށެވެ. ހަދަންވީގޮތެއް ނޭނގި ހުއްޓުން އަރާފައި ޒަލަފްއަށް ހުރެވުނީ ދުވަހަކުވެސް އޭނާގެ މަންމަ ފިޔަވާ އިތުރު އަންހެނެއް ހަމަލޮލަށް ދެކެފައި ނުވާތީއެވެ. ނަމަވެސް އެ އަންހެންކުއްޖާ އައިސް މަސްފެންގަނޑަށް ވެއްޓުމާއެކު އޭނާ ސަލާމަތްކުރަން ޒަލަފްގެ ޟަމީރު ގޮވާލިއެވެ.

“ޕަރީ… ޕަރީއެއް…” މަޑުމަޑުން ލޯ ހުޅުވާލާފައި ހިނިތުންވެލަމުން ޒަލަފް ބުނެލިއެވެ. ހަމައެއާއެކު އޭނަގެ އަތްތިލައަށް ބަލާލިއެވެ. އޭނާ އެ އަންހެންކުއްޖާ ނެގި އަތަށެވެ. ބޭއިޚްތިޔާރުގައި އޭނައަށް އަތްތިލަ ގެނެސް ނޭފަތާ ކައިރިކޮށްލެވުނެވެ. ހަމަ އެހާ އަވަހަށް ނޭފަތާ އަތް ދުރުކޮށްލާފައި ދެ ފަރާތަށް ބޯހޫރާލިއެވެ. ޚިޔާލީ ދުނިޔެއިން ބޭރުވެވުނީ އަދިކިރިޔާ ކަހަލައެވެ. އަތުން ދުވި ތެޔޮކުލައިގެ ވަހެވެ. ކުޑަދޮރު ކައިރިން އެނބުރިލުމާއެކު އޭނާގެ މަސައްކަތަށް އެނބުރި ދިޔައެވެ. އޭރު ކޮޓަރީގެ ކަނެއްގައި ހުރި މޭޒުގެ މަތީ ކުލައެއްކޮށްފައި ހުރި ބޯޑުތައް ހުއްޓެވެ. އަދި މޭޒުގެ ކައިރީ އެއްކޮށް ފުރިހަމަނުވާ ކެންވަސްއެއް ހުއްޓެވެ. ޖިންސުގެ ޖީބުން އެލިފައި އޮތް ފޮތިކޮޅުގައި ދެއަތް ހާކާލުމާއެކު ކުޑަދޮރުކައިރީ ހުރި ސޯފާގޮނޑިމަތިން ސްޕޮންޖު ހެޑްސެޓެއްނަގާ ދެ ކަންފަތައް ހެޔޮވަރުކޮށްލިއެވެ. އިވެމުންދިޔަ ބީޓާ އެއްވަރަށް ޒަލަފްގެ ބޯ ހަރަކާތްކުރަމުން ދިޔައިރު އޭނާ ކެންވަސްގައިވާ ކުރެހުން ކުލައިން ފުރިހަމަކުރެވޭތޯ މަސައްކަތް ކުރަމުން ދިޔައެވެ.

ދަންވަރުގެ ދޭއްޖަހާ ދިޔައިރު ވެސް ޒަލަފްއަށް ނިދޭގޮތެއް ނުވިއެވެ. އޭނާ ކުރަންފެށި މަސައްކަތް ވެސް ފުރިހަމަކޮށް ނިމިއްޖެއެވެ. އެހެންނަމަވެސް އޭނާގެ ހިތަށް އުނދަގޫތަކެއް ވަނީއެވެ. ކޮޓަރިން ނުނިކުންނަން އޭނާގެ މަންމަ ބުނެފައި އޮތަސް ފުރަތަމަ ފަހަރަށް އެ ބަހުގައި ހިފަހައްޓާކަށް ޒަލަފް ބޭނުމެއްނުވިއެވެ. އެނދުގައި ދެއަތް ދެއަތަށް ފުރޮޅިފައި ތެދުވެ ކޮޓަރިތެރޭ ދެކޮޅަށް ހިނގިއެވެ. އަލުން ކުރެހުމެއް ކުރަހަން ޒަލަފްގެ ހިތަށް އެރިއެވެ. އެހެންނަމަވެސް ފިލާގަނޑުގައި ކެންވަސް ހަރުކޮށްގެން ހުންނަތާ އެތައް އިރެއްވީއިރު ވެސް ކުރަހާނެ އެއްޗެއްގެ ޚިޔާލެއް އޭނާއަކަށް ނައެވެ. ފޫހިކަމުގެ އަޑެއް އަނގައިން ލައްވާލުމާއެކު އަތުގައި އޮތް ފަންސޫރު ކޮޓަރިތެރެއަށް އެއްލާލިއެވެ. ނިތްކުރީގައި މުއްކަވާލި އަތުން ދެތިން ފަހަރަށް ޖަހާލުމަށްފަހު ޒަލަފް އެނބުރި ދޮރާ ދިމާއަށް ބަލާލިއެވެ.

ގޭތެރޭގައި އެއްވެސް އަލިކަމެއްނެތެވެ. ކޮޓަރިތަކަށް އެންމެން ވަދެ ނިދާފައިވުމުން ފުން ހިމޭންކަމެއް ވެރިވެފައިވެއެވެ. އެހެންނަމަވެސް ޒަލަފް އުނދަގުލެއްނެތި އަނދިރީގައި އުޅެން އެނގެއެވެ. އޭނަ ލައިޓެއް ޖެއްސުމެއްނެތި މީހަކަށް ހިލަމެއްވެނުލާ އައިސް ޔަލާ އޮތް ކޮޓަރީގެ ދޮރު ހުޅުވާލިއެވެ. ފަނޑުފަނޑު އޮރެންޖުއައްޔެއް އެނދުގެ އަރިމަތީ ކުޑަމޭޒުގެ މަތީގައިވާ ބޮކިން ވަމުންދިޔައެވެ. އެހެންނަމަވެސް އެ އަލި ކިރިޔާ ފެތުރިފައި ހުރީ އެނދުކައިރީގައި އެކަންޏެވެ. އެހެންވެ މުޅި ކޮޓަރި ފެންނަނީ އަލިވެފައި އޮތުމުގެ ބަދަލުގައި އަނދިރިކޮށެވެ. ސިއްރުން އައިސް އެނދުގައި ނިދިފައި އޮތް ޔަލާއަށް ޒަލަފް ބަލާލީ ބޯއަރިކޮށްލާފައެވެ. ކޮޓަރިތެރެއަށް ބަލާލިއިރު އަލަމާރިކައިރީ ޔަލާ ލައިގެން ހުރި ހެދުން އަޅުވާފައި ހުއްޓެވެ. އެ އަންހެންކުއްޖާއަށް ޒަލަފް ޝައުގުވެރިވަނީ ކީއްވެކަމެއް އޭނާއަކަށް ނޭނގެއެވެ. މަޑުމަޑުން އައިސް އަލަމާރީގައި އަޅުވާފައި ހުރި ހެދުމުގައި ޒަލަފް އަތްލިއެވެ. އަދި ނޭފަތް ކައިރިކޮށްލިއެވެ. ޒަލަފްގެ ކޮނޑުމައްޗަށް ޔަލާ ލައިގެން ގެނައިއިރު އޭނާއަށް ޔަލާގެ ހަށިގަނޑުން ތަފާތު މީރުވަހެއް ދުވިއެވެ. އެ ވަސް ހޯދުމަށް އޭނާގެ ހިތް އެދެމުންދިޔައެވެ. ނަމަވެސް އަރީޝާ ހުރީ އެ ހެދުން ދޮވެފައެވެ. އެހެންވެ ވަސްހުރީ ތަފާތުވެފައެވެ. ދެބުމަށް ގޮއްޖަހާލަމުން ޒަލަފް އެނބުރި އެނދުގައި އޮތް ޔަލާއަށް ބަލާލިއެވެ. އަދި އެނދުކައިރިއަށް އައިސް ޔަލާގެ މޫނުން ވަސްގަންނަން އުޅުނެވެ. އެއާއެކު ޔަލާ ކުޑަކޮށް ތެޅިލިއެވެ. އެހިނދު ސިއްސައިގެން ގޮސް ކޮޓަރީގެ ކަނުގައި ހުރި އަނދިރިގަނޑުގެ ތެރެއަށް ޒަލަފް ވަނެވެ. އަދި ސިއްރުން އެތަނުގައި ހުރެ ޔަލާއަށް ބަލަމުން ދިޔައެވެ. އޭރު އޭނާގެ ސިކުނޑީގައި ޚިޔާލުތަކެއް އެނބުރެމުން ދިޔައެވެ.

ހެނދުނުވުމާއެކު ދޫނިސޫފާސޫފިތައް އެ ސޮރުމެންގެ ހާލިތަކުން ނުކުމެ ގޮވަންފަށައެވެ. އަދި ދުވަހުގެ މަސައްކަތް އެނބުރިދެއެވެ. ރީތި ކޮވެއްޔެއްގެ އަޑު ޔަލާގެ ކަންފަތުގައި ޖެހުމުން ރަޖާގަނޑު ގެނެސް ގަޔާލާ ފިއްތާލަމުން ތަންމަތީގައި އިތުރަށް ހަމަޖެހިލަން އުޅުނެވެ. އެހެންނަމަވެސް ކުއްލިއަކަށް އޭނާގެ ދެ ލޯ ހުޅުވުނީ އެހާ އަރާމު ތަންމައްޗެއްގައި އޭނާއަށް އޮވެވުނު ގޮތެއް ނޭނގޭތީއެވެ. ފުންމައިގެން ތެދުވިއިރު ކޮޓަރީގެ ބިއްދޮށުގައި ފާޚާނާ ކައިރީ ހުރި ކުޑަދޮރުގެ ފަރުދާތަކުން ކޮންމެވެސް ވަރަކަށް އަލިކަން ކޮޓަރިއަށް ވަންނަމުން ދިޔައެވެ. ވަށައިގެން ބަލަބަލާފައި އެއީ ޔަލާގެ ގެ ނޫންކަން އޭނާއަށް ޔަޤީންވިއެވެ. އަނެއްކޮޅުން އަލަމާރީގައި އަޅުވާފައި ހުރި އޭނާގެ ހެދުން ފެނުމުން ހިފަހައްޓައިގެން އިން ރަޖާގަނޑު ދުރުކޮށްލާފައި އަވަހަށް ބަލާލެވުނީ ހަށިގަނޑާ ދިމާއަށެވެ. ދިގު ހެދުމެއް އޭނާ ލައްވާފައި ހުރިއިރު އެ ހެދުން އޭނާއަށް ބޮޑެވެ. އަވަސްއަވަހަށް އެނދުން ތެދުވެގެން އަލަމާރީގައި އަޅުވާފައި ހުރި ހެދުން ހިފައިގެން ފާޚާނާއަށް ޔަލާ ވަނެވެ. އޭނަގެ ނިއުޅާލާފައި އޮތް ރާޅުބާނި ދިގު އިސްތަށިގަނޑުން ހުޅިއެއްޖަހާލުމާއެކު އޭނާ މޫނު ދޮވެ ތާޒާވެލިއެވެ. އަދި ހެދުން ބަދަލުކޮށްލައިގެން ނުކުމެ އެނދުގެ ތަންމަތި ރީތިކޮށްލާފައި އެނދުމަތީ ހެނދުން ބާއްވާފައި ކޮޓަރިން ނުކުތެވެ. ޔަލާ ބޮލުގައިވާ ހުޅި ނައްޓާލުމާއެކު ނިތްކުރިމަތިން ފެށިގެން ބޮލުގެ މެދަށްވާގޮތަށް ދެފަރާތަށް އިސްތަށިގަނޑު ބައިކޮށްލުމާއެކު މިނިވަން ފަޒާގެ ތެރެއަށް ދޫކޮށްލިއެވެ. ހެދުން ރަނގަޅުކޮށްލާފައި މީހަކު ފެނޭތޯ ހިނގައިގަތް ވަގުތު ޔަލާގެ ކަންފަތުގައި ޖެހުނީ ފިރިހެނެއްގެ އަޑެވެ.

“ބިއުޓިފުލް…”

“ސޮރީ…” ޔަލާ އެނބުރިލާފައި އޭނާއާ ދިމާއަށް އައި ޒުވާނާއަށް ބުނެލިއެވެ. އޭރު އޭނާގެ އެއްއަތުގައި ކަޅުކުލައިގެ މަގަކާއި އަނެއް އަތުގައި ބިސްކޯދެއް އޮތެވެ. ޔަލާގެ ހިތް އަވަސްވާގޮތްވިއެވެ. އޭނާގެ ކުރިމަތީގައި ހުރީ މީގެ ކުރިން ދެކެފައިނުވާ ރީތި ޒުވާނެކެވެ.

“ރިއަލީ ބިއުޓިފުލް… ލަވް ޔޯ ހެއަރ… ނައިސް ވޭވްސް” އެ ޒުވާނާގެ ދުލުން ތަޢުރީފުގެ ބަސްތައް އިވުމުން ޔަލާގެ ތުންފަތުގައި ހިނިތުންވުމެއް ދުވެލިއެވެ. ހަމައެއާއެކު ރޭގައި އޭނާގެ ފުރާނަ ސަލާމަތްކޮށްދިނީ މިހާރު އޭނާގެ ކުރިމަތީ ހުރި ޒުވާނާކަން ޔަލާއަށް ޔަޤީންވިއެވެ. ލައިގެން ހުރި ބަނިއަންގައި އެ ޒުވާނާގެ ބާރުގަދަ ދެއަތުގެ މަސްތައް ހުރީ ފެންނާށެވެ. އެއީ ކާކުކަން އެނގެން ޔަލާ ބޭނުންވިއެވެ. އެހެންވެ އެ ޒުވާނާގެ ނަން އަހާލުމަށް އަނގަހުޅުވާލި ވަގުތު ފަހަތުން އަންހެނެއްގެ އަޑު އިވުނެވެ.

“ޒާލް… ތި ޖޯޑުގަނޑު ހިފައިގެން މުޅިތާ ނޫޅެ ބަދިގެއަށް ދޭ” އަރީޝާގެ އަޑުގައި ހުރި ރުންކުރު ގޮތެކެވެ. ޔަލާގެ ތުންފަތަށް ވެރިވެފައިވި ހިނިތުންވުން ވަގުތުން ފިލާ ދިޔައެވެ. އަދި އަވަސްއަވަހަށް ސީރިއަސްކަމާއެކު އެ އަންހެން މީހާއަށް ބަލާލިއެވެ.

“ސައިބޯންވީނު…” އިރުކޮޅަކު ޔަލާއަށް ބަލަހައްޓައިގެން އަރީޝާ ހުރެފައި ބުނެލިއެވެ. އޭނާ ހާމަނުކުރި ނަމަވެސް ކޮންމެވެސް ކަމަކާ ފިކުރުބޮޑުވެ ހާސްވެފައި ހުރިހެން ޔަލާއަށް ހީވިއެވެ. ފަހަރެއްގައި ޔަލާ އެގޭގައި ހުރުމުން ކަމަށްވުމީ އެންމެ ވުން އެކަށީގެންވާ ކަމެވެ. ދެ ޚިޔާލެއްގައި ހުރި ކަހަލަ ގޮތަކަށް ޔަލާ ހިނގައިގަތީ އަރީޝާ އޭނާގެ ގާތުގައި އަންނާށޭ ބުނީމައެވެ.

ޔަލާ އައިސް ބަދިގެ ވަންއިރު އެއީ އެންމެ މިހާރުގެ ގޮތަށް ކާކޮޓަރިއާއެކު ހަދާފައިވާ ބަދިގެއެކެވެ. އެހެންނަމަވެސް ހައިރާންވަނީ ވަލުތެރޭގައި ރަށުގެ މީހުން އުޅޭ ސަރަޙައްދާ އެކަހެރިކޮށް މިފަދަ ގެއެއް ހުރީމައެވެ. އޭނާއަށް ފެނުނު ދެ މީހުން ވެސް ތިބީ އިންސާނުންގެ ސިފައިގެ އިތުރުން ވާހަކަދައްކަނީ ވެސް ދިވެހިން ބަހުން ކަމަށްވީ ކަމެވެ. ކާމޭޒު ދޮށުގައި ޔަލާ އިށީން އިރު އޭނާއަށް ކުރިން ފެނުނު ޒުވާނާ އޭނާ ބޯންގެޅުނު މަގު ސިންކުގެ ތެރެއަށް ލާފައި އައިސްއަލަމާރި ކައިރިއަށް ޖެހިލިއެވެ. އެތަނުގައި އަރީޝާ ހުރުމުން ޔަލާއަށް އިސްއުފުލާ އެ ޒުވާނާއަށް ބަލާލާނެހާ ހިތްވަރެއް ނުލިބުނެވެ.

“ޒާލް، އޭނާ ސައިބޮއެ ނިމުނީމަ ރަށުތެރެއަށް ގެންދޭ” އަރީޝާ ހީވީ އަމުރެއް ކޮށްލިހެންނެވެ.

ޔަލާގެ ކުރިމަތީ ތައްޓެއް ބެހެއްޓުމަށްފަހު ރިހާ ބޯތަށްޓާއި ރޮށިތަށި އަރީޝާ ކައިރިކޮށްލިއެވެ. އަދި ތަބަކެއްގައި ސައިޖޯޑަކާއި މޮޑެފައި ސަމްސާލާފައި ހުރި ރޮށިތަށްޓެއް ބެހެއްޓިއެވެ. އޭގެ އިތުރުން ފެންފުޅިއެއް ވެސް ތަބަކުގައި ބެހެއްޓުމާއެކު އެތަނުގައި ހުރި ޒުވާނާއަށް އަރީޝާ ގޮވާލާފައި މައްޗަށް އެ ތަބަށް ގެންދިއުމަށް ބުނެލިއެވެ. އެ ޒުވާނާ އަރީޝާގެ ބަހަށް ތަބަށް ހިފައިގެން ދިޔައެވެ.

“މީ މީހުން އައިސްއުޅޭ ހިސާބެއްނޫން… އެއްގޮތަކަށް ވެސް ރައްކާތެރިކަމެއްނޫން އެއީ ރޭގަނޑު މި ވަލުތެރޭގައި އުޅުމަކީ. އަހަންނަށް ވަރަށް ރަނގަޅު މިތަނުން ފެނުނު އެއްވެސް ކަމެއްގެ ވާހަކަ ދުވަހަކު ވެސް މީހަކު ގާތުގައި ނުދެއްކިއްޔާ. މީހަކު އަހައިފިއްޔާ ބުނޭ ވަލުތެރޭގައި ގެއްލިގެން އުޅެނިކޮށް މީހަކަށް ފެނިގެން ރަށުތެރެއަށް ގެނެސްދިނީއޭ”

އަރީޝާގެ ވާހަކަތައް އަޑުއަހަން ޔަލާ އިންއިރު އޭނާގެ ސިކުނޑި ސުވާލުތަކުން ފުރެމުންދިޔައެވެ. ސިއްރުކުރަންޖެހޭވަރުގެ ކަމެއްކަމުގައި އަރީޝާ އެ ބުނަނީ ކީއްވެބާއޭ ޔަލާގެ ހިތަށް އަރަމުންދިޔައެވެ. އެ ސުވާލު ކުރަން އޭނާ ވަރަށް ބޭނުންވިއެވެ. ނަމަވެސް އަރީޝާގެ ހުންނަނީ ހަރުކަށި ގޮތެއްކަމުގައި ފާހަގަވެ ހިތްބިރުގަންނަ ގޮތްވީއެވެ. ފަހަރެއްގައި އޭނާގެ ވާހަކައިގައި ރަނގަޅުކަމެއް ވެސް ފޮރިވިފައި އޮވެދާނެއޭ ޔަލާގެ ޟަމީރު އެއްބަސްވިއެވެ. ކަންބޮޑުވެފައި އިންވަރުން ރަނގަޅަށް ކާކަށް ވެސް ޔަލާއަކަށް ނުކެރުނެވެ. ރިހަކޮޅަކާއި ރޮށްޓެއް ޖައްސާލައިގެން ކާލާފައި ފެންތަށި ބޯލީއެވެ. ސައިތަށީގައި އަތް ވެސް ނުލިއެވެ. އަރީޝާއަށް ވެސް ޔަލާ އެ އިނީ އޭނާގެ ސަބަބުން ކޮންމެވެސް ވަރަކަށް ހާސްވެފައިކަން އެނގެއެވެ. ކޮންމެ މީހަކު ނަމަވެސް އޭނާ އެ ދެއްކި ވާހަކަތަކުން އެ ފަދަ ގޮތަކަށް އިހުސާސްވެދާނޭކަން އަރީޝާއަށް އެނގެއެވެ. އެހެންވިޔަސް މިއަދު އަރީޝާއަށް އެ ނޫންގޮތެއް ނެތެވެ. އޭނާގެ ޢާއިލާއާއެކު އެކަހެރި ދިރިއުޅުމެއް އުޅެނީ ސަބަބަކާ ނުލައެއްނޫނެވެ. ވީއިރު އެ ޢާއިލާގެ ތެރެއަށް އިތުރު އެއްވެސް މީހަކު އައުމަކީ އޭނާގެ ހަމަޖެހުން ގެއްލިދާނޭ ވަރުގެ ކަމެކެވެ.

މައިދޮރުން ނުކުންނައިރު ހިޔާކޮށްފައި އޮތް ފިލާޑެކެއް އަޅާފައި އޮތެވެ. ދެ ހަރުފަތުގެ ސިޑިއެއް ލާފައި ހުރިއިރު މުޅި ގެވެސް ފެންނަނީ ލަކުޑިން ހަދާފައި ހުރި ހެންނެވެ. ޔަލާ އަޅާލާ ކޮންމެ ފިޔަވަޅަކާއެކު ޑެކުގެ ފިލާތަކުން ތޫލިއަޑެއް ކިޔާލައެވެ. އެތަނުގައި މީހަކަށް ސިއްރަކުން ނޫޅެވޭނެއެވެ. ގޯތިތެރޭގައި ތަފާތު ގަސްތައް ހެދިފައި އޮތް އިރު ވިހިވަރަކަށް ފޫޓޫ ދުރުން ގެ ވަށައިގެން ޖަހާފައި ހުރި އުސް ފެންސު ޔަލާގެ ލޮލުގައި އަޅައިގަތެވެ. އެއީ ކީއްކުރަން ޖަހާފައި ހުރި ފެންސެއްބާއެވެ. އެއްފަރާތުގައި އޮތް ޕޮންޑު ޔަލާއަށް ފެނުނެވެ. އެއާއެކު އޭނާ ރޭގައި ވެއްޓުނީ އޭގެ ތެރެއަށްކަން ޔަލާ ހަނދާންވިއެވެ. އޭނާ އަޅައިގަތީ ޕޮންޑުގެ ވަށައިގެން ރާނާފައި ހުރި ތިރިތިރި ފާރުބުރީގައެވެ. އޭގެ ކައިރީ ހެދިފައި އޮތް ވެޔޮގަނޑުގެ އެއްބައިން ޕޮންޑުގެ އެއްޕަޅި ކަހަލަ ގޮތަށް އޮތީ ފޮރުވިފައެވެ. ޔަލާ މަޑުމަޑުން އައިސް ޕޮންޑުގެ ކައިރީ މަޑުކޮށްލިއެވެ. ފެންގަނޑުގެ ކުލަ މަޑުފަހިކުލައަކަށް ބަދަލުވެފައި ހުރިއިރު އޭގައި މަސް އުޅޭކަން އެނގުނެވެ. ވަށައިގެން އެކި ދިމާއަށް ނަޒަރު ހިންގަމުން ދިޔައިރު އޭނާއަށް ބޯކޮށް ހެދިފައި ހުރި ގަސްތައް ފިޔަވައި އިތުރު އެއްވެސް ތަނެއް ނުފެނެއެވެ. ދާނޭ މަގެއްހާ ހިސާބު ވެސް އެ ގަސްތަކުގެ ތެރެއިން ހެދިފައި ނެތެވެ. ފަސް އެނބުރި އަޖައިބެއްކަހަލަ އެ ގެއަށް ޔަލާ ބަލާލި ވަގުތު މަތީގައި ހުރި ކުޑަދޮރުން މީހަކު ބަލަން ހުރިހެން ޔަލާއަށް ހީވިއެވެ. ކުރިއަށް ޖެހިލާ އެއީ ކާކުތޯ ބަލާލަންވާއިރަށް އެ މީހަކު ކުޑަދޮރުކައިރިން ދުރަށް ހިނގައްޖެއެވެ.

“ޒާލް، ކަންތައްކުރަންވީގޮތް ދަރިފުޅަށް ސާފުވެއްޖެތަ؟ އެނގެއެއްނު މި ނޫންގޮތެއްނެތްކަން، އެކަމަކު ހައިރާންވަނީ އޭނާ މިހިސާބަށް އައިގޮތަކާމެދު… މިއޮއް ހުރިހާ ދުވަހު މި ހިސާބަށް މީހަކަށް އަންނާކަށް ނުކެރޭ، ނުވެސް އާދޭ… މި އަންހެންކުއްޖާ މި އައީ ކިހިނެއްކަމެއް ވެސް ނޭނގެ” އަރީޝާގެ އަޑުގައިވާ ކަންބޮޑުވުން އެކުލެވިފައި ހުއްޓެވެ.

“މަންމަ އެދުނުގޮތަށް ކަންތައްކުރާނީ”

މަތިން ފެންނަން ހުރި ކުޑަދޮރަށް ބަލަހައްޓައިގެން ހުއްޓާ ގޭތެރެއިން އަރީޝާއާއި ޔަލާއާ ވާހަކަދެއްކި ޒުވާނާ ނުކުތެވެ. ފަނޑު ނަމަވެސް ހިނިތުންވުމެއް އަރީޝާ ބަދަލުކޮށްލިއެވެ. އޭނާއަށް ބަލަންހުރި ޔަލާއަށް ހިނިތުންވެލާކަށް ނޭނގުނެވެ. އޭނާގެ ގާތަށް އައި ޒުވާނާ ފެންސުގެ ދޮރާދިމާއަށް ދަމުން އޭނާއާއެކު އައުމަށް ޔަލާ ގާތު ބުނެލިއެވެ. އޭނާ ހިނގައިގަތް ވަގުތު އަނެއްކާ ވެސް އެގޭގެ މަތީ ކުޑަދޮރުން މީހަކު ބަލާހެން ޔަލާއަށް ހީވިއެވެ. މިފަހަރު ބަލާލުމުން ވެސް އެ މީހަކު ފެންނަގޮތެއް ނުވިއެވެ. ޔަލާއާއި ޒާލްއާ ދެ މީހުން އެކުގައި ހިނގައިގަތް ތަން ބަލަން ގޭގެ ދޮރުމަތީ އަރީޝާ މަޑުކޮށްލައިގެން ހުއްޓެވެ.

ފަރިތަކަމާއެކު އުނަގަނޑާ ހަމައަށް ހެދިފައި ހުރި ވިނަތައް ދެފަރާތަށް ޖައްސަމުން ކުރީގައި ހުރެ ހިނގަމުން ދިޔަ ޒުވާނާއަށް ޔަލާ ބަލަމުން ދިޔައެވެ. އޭނާއަށް ހިމޭންކަން ޚިޔާރުކޮށްގެން ނުހުރެވުނެވެ.

“ޒާލްތަ ކިޔަނީ” ޔަލާ އަހާލިއެވެ. އެއާއެކު އެ ޒުވާނާ ހޫން ލައްވާލިއެވެ.

“އަހަންނަށް ކިޔާނަމެއް ނާހާނަންތަ؟ މި ހިސާބަށް އާދެވުނު ގޮތް ވެސް ނާހާނަންތަ؟” އަމިއްލައަށް އެތައް ސުވާލެއް ކުރަން ބޭނުންވެފައި ހުރިއިރު އެ ޒުވާނާ ވެސް އަހަން ބޭނުންވާ ސުވާލުތަކެއް ހުންނާނެކަމުގައި ޔަލާއަށް ވިސްނުނެވެ.

“ކިޔައިދިނީމަތާ އެނގޭނީ” އެ ޒުވާނާ ކަނާތްފަރާތު ކޮނޑުމަތިން ފަހަތަށް ކުޑަކޮށް ބަލާލަމުން ބުނެލިއެވެ. އެއާއެކު ޔަލާ އޭނާގެ ނަމާއި އެ ހިސާބަށް އާދެވުނު ގޮތް އޮޅުންފިލުވައިދިނެވެ. އަދި އެ ހިސާބުގައި ގެއެއް ހުރުމުން އޭނާ ވަރަށް ހައިރާންވާ ކަމުގައި ބުނެލިއެވެ. ނަމަވެސް ޒާލްގެ ފަރާތުން ޔަލާއަށް އެއްވެސް ކަމެއް އޮޅުމެއް ނުފިލިއެވެ.

ވަކި ހިސާބަކުން ގަސްތައް މަދުވެ ހިނގާނޭ މަގެއް ފެންނަން ފެށިއެވެ. ވަރަށް ވިސްނައިގެން ހުރި ޔަލާ އޭނާއަށް އާދެވެނީ ކިހިނެއް ކަމާމެދު ފާހަގަ ކުރިއެވެ. އެ ޒުވާނާ ވާހަކަނުދައްކާތީއާއެކު އެ ޢާއިލާ ސިއްރު ކުރަން ބޭނުންވަނީ ކޮންކަމެއްކަން އެނގެން ޔަލާ ވަރަށް ބޮޑަށް ޝައުގުވެރިވިއެވެ. ރަށުން އާންމުކޮށް ފެންނަ ޒުވާނުންނާ ތަގާތު ގޮތެއް ޒާލްގެ ހުރި ކަން ވެސް ޔަލާއަށް ފާހަގަވިއެވެ.

“އޯކޭ… ހިއަރ ޔޫ ގޯ…” ރަށުގެ ބޮޑު މަގަކަށް ނުކުމެވުމުން ޒާލް ބުނެލިއެވެ.

“މި ހިސާބުން ނޭނގޭނެ އަހަރެންގެ ގެއަށް ދާކަށް” ޔަލާ މާޔޫސްވެފައި ބުނެލިއެވެ.

“ތީ މިރަށު ކުއްޖެއްނޫންތަ؟” ޒާލް ހައިރާންވެފައި އަހާލިއެވެ.

“މި ރަށު ކުއްޖެއް، އެކަމަކު ރަށަށް އައީ އިހަށް ދުވަހު… އަދި ނޭނގޭ ރަށުގެ މަގުތަކުގައި ހިނގާކަށް”

“އާދޭ އެހެންވީރު…” ޒާލް މިހެންބުނެ ޔަލާ ގޮވައިގެން ރަށުތެރެއަށް ހިނގައިގަތެވެ. މީގެ ކުރިން ޔަލާ އައި ހިސާބެއް ނޫނެވެ. ޒާލް އޭނާ ގޮވައިގެން ގެތައް ހުންނަ ހިސާބަށް އައިސް ގެއެއްގެ ދޮށުގައި މަޑުކޮށްލިއެވެ. އަދި ދޮރޯށި ކައިރީ މަޑުކުރާށޭ ބުނެ އޭނާގެ ޖީބުގައި އޮތް ފޯނު ނަގާ މީހަކަށް ގުޅާލިއެވެ. ގިނައިރެއް ނުވެ ގޭތެރެއިން ޒުވާނަކު ނުކުމެ ޒާލްއާ ވާހަކަދެއްކިއެވެ. އަދި ޔަލާއަށް ބަލާލާފައި އޭނާ ޒާލްއާ ދިމާކޮށްލިއެވެ. އަދި ސައިކަލު ތަޅުދަނޑި ޒާލްއަށް ދިއްކޮށްލިއެވެ. ޒާލްގެ ރަޙުމަތްތެރިޔާ ޔަލާއަށް ބަލާލާފައި ހިނިތުންވެލުމުން ޔަލާ ވެސް ހިނިތުންވުމެއް ބަދަލުކޮށްލިއެވެ. ފާރުކައިރީ ހުރި ސައިކަލަށް ޒާލް އެރުމާއެކު ޔަލާއަށް ގޮވާލާފައި އަންނާށޭ ބުނެލިއެވެ. އޭނާގެ ސައިކަލު ފަހަތަށް ޔަލާ އެރުމުން ފުރަތަމަ ފަހަރަށް ވާހަކަދައްކަން ފެށިއެވެ. ޔަލާގެ ގެ ހުންނަ ހިސާބެއް އޮޅުން ފިލުވަން ފެށިއެވެ. ޔަލާ ގެ ހުންނަ ހިސާބު ކިޔައިދިނުމުން އޭނައަށް އެ ހިސާބު ހޯދާކަށް އުނދަގުލެއް ނުވިއެވެ.

ސައިކަލުގައި އައިސް ކިނާރީގެ ދޮރުމައްޗަށް މަޑުކޮށްލާފައި އެ ގެއަށް ޒާލް ވަރަށް ރަނގަޅަށް ބަލާލިއެވެ. އޭރު ޔަލާ ސައިކަލުން ފައިބައިގެން އައިސް ޒާލް ފެންނަ ހިސާބުގައި އޭނާއަށް ކުރިމަތިލައިގެން ހުއްޓިލިއެވެ.

“ތެންކިއު…. ތެންކިއު ސޯ މަޗް… މިހާރު އެންމެން ތިބޭނީ އަހަންނަށް ވީގޮތެއް ނޭނގިގެންކަން ޔަޤީން” ސަލާމްކޮށްލަން ޔަލާ އަތްދިއްކޮށްލައިގެން ހުއްޓެވެ. ޔަލާގެ މޫނަށް ބަލާލާފައި އޭނާގެ އަތުގައި ޒާލް ހިފާލިއެވެ.

“ދެން ވެސް އެނގޭނެ ދޯ އެ ހިސާބަށް ނުދާން… މަންމަ ބުނި އެއްޗެއް ހަނދާން އެބަހުރިއެއްނު، ޔޫ އަރ ލަކީ އެ ހިސާބަށް ދެވިފައި އެނބުރި ގެއަށް އާދެވުނުކަން” ޒާލް މިހެން ބުނުމުން ޔަލާ މަޑުމަޑުން ބޯޖަހާލިއެވެ. އެހެންނަމަވެސް އޭނާގެ މަޤުޞަދަކީ ކޮބައިބާއޭ ޔަލާގެ ހިތަށް އެރިއެވެ. ޔަލާ ބިރުގަންނަވާލުން ކަމެއް ނޫނީ އޭނާއަށް އިންޒާރެއް ދިނުންކަމެއް ނޭނގެއެވެ.

ގޭތެރެއަށް ވަދެގެން ޔަލާ ދިއުމުން ވެސް އިރުކޮޅަކު ޒާލްއަށް އެ ތަނުގައި މަޑުކޮށްލައިގެން އިނދެވުނެވެ. އޭނާގެ ސިކުނޑީގައި ވަނީ ކީކޭކަމެއް ނޭނގެއެވެ. ކޮންމެ އެއްޗެއް ވީ ނަމަވެސް އޭނާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވެގެންދިޔައެވެ. އަދި ޔަލާއާ ސަލާމްކޮށްލި އަތަށް އޭނާ ބަލާލިއެވެ. އިހުނަށްވުރެ ބޮޑަށް ހިނިއައިސްފައި ބޮލުގެ ފުއްކިބައިގައި އަތްހާކާލަމުން ދެފަރާތަށް ބޯހޫރާލިއެވެ. އަދި ސައިކަލު ދުއްވާލިއެވެ.

“މަންމާ… މަންމާ…” ޔަލާގެ އަޑު އިވިގެން ދުވެފައި ކަހަލަ ގޮތަކަށް ޞާބިރާ ކޮޓަރިން ނުކުތެވެ. އޭނާއެކޭ އެއްގޮތަށް ލުހާ ވެސް ކޮޓަރިން ނުކުތެވެ. ލުހާއާއެކު އެ ކޮޓަރީގައި ހުރި ރައްޔާ ވެސް އަމަން އުރާލައިގެން ހުރެ ކޮޓަރިން ނުކުތެވެ.

“ޔާލް…. މަގޭ ދަރިފުޅު” ޞާބިރާ އައިގޮތަށް އައިސް ޔަލާގެ ގައިގާ ބައްދާލިއެވެ. އެއްވެސް އިޚްތިޔާރަކާއި ނުލާ ޞާބިރާއަށް ރޮވުނެވެ. ދަރިފުޅާ މެދު އޭނާ ކަންބޮޑުވެފައިވާވަރު ދެނެވޮޑިގެންވަނީ ﷲއެވެ. އެކަލާނގެއަށް އެ ދަރިފުޅު ސަލާމަތުން ޞާބިރާއަށް ރައްދުކޮށްދެއްވުން އެދި ދުޢާ ދެންނެވުނު އަދަދު ވެސް އޭނާއަށް ނޭނގެއެވެ. ޔަލާގެ އަޑު ޞާބިރާއަށް އިވުނީ ވެސް ޟުހާ ނަމާދުކޮށްގެން މުއްސަލަމަތީގައި އިންދައެވެ.

ލުހާ އައިސް ޔާލްގެ ގާތުގައި ހުއްޓުމާއެކު މާފަށް އެދުނެވެ. ޔާލް އޭނާގެ ކޮއްކޮގެ ގައިގާ ބައްދާލާފައި އޭނާއަށް އެއްވެސް ކަމެއް ނުވާކަމުގައި ބުންޏެވެ. އިރާދަކުރެއްވިއްޔާ ދެރަގޮތެއް މެދުވެރިނުވެ އެނބުރި ޢާއިލާ ކައިރިއަށް އާދެވުމުން ޔަލާ ހުރީ ހިތްހަމަޖެހިފައެވެ. ކަންތައްވީގޮތް އޮޅުން ފިލުވަން ރައްޔާ ސުވާލުކުރަން ފެށިއެވެ. ސޯފާގައި ޞާބިރާއާއެކު ޔަލާ އިށީނދެ ކަންތައްވީގޮތް ކިޔައިދިނެވެ. އެހެންނަމަވެސް އަރީޝާއާއި ޒާލްގެ ވާހަކަތައް ޔަލާ ހަނދާނެއް ނުނެތެވެ. ހައިރާންވެ ސުވާލު އުފެދިފައިވީ ނަމަވެސް ޔަލާ އެ މީހުންގެ ވާހަކައެއް ނުބުނެއެވެ. ވަލުތެރެއިން ނުކުމެވުނީ ހެނދުނު ކަމާއި މީހަކު އޭނާއަށް އެހީވީ ކަމުގައި ބުނެ ހަޤީޤަތް ޔަލާ ސިއްރުކުރީއެވެ.

“ކޮބާ އޭނަ؟ ކީއްވެ ގޭތެރެއަށް ނުވެއްދީ… ވަރަށް ބޮޑުކަމެއް އޭނާ އެކޮށްދިނީ، ރޭ އިރާކޮޅުން ފެށިގެން ޔާލް ހޯދަނީ، ފުލުން ވެސް ނުކުމެގެން… އެއިން އެއްވެސް މީހަކަށް ނުވިކަމެއް އެ ޒުވާނާ އެ ކޮށްދިނީ. ކޮންގެއަކު ކުއްޖެއްކަން އެނގޭތަ؟” ޞާބިރާ ހުރީ އޭނާގެ ދަރިފުޅު ސަލާމަތުން ގެއާ ހަމައަށް ގެނެސްދިން މީހަކީ ކާކުކަން އެނގެން ބޭނުންވެފައެވެ.

“ސޮރީ މަންމާ. އެއީ ކާކުކަމެއް ނޭނގޭ. މި ރަށު ކުއްޖެއްކަން އެނގެނީ. ކޮންގެއަކު ކޮން ހިސާބަކު އުޅޭ މީހެއްކަމެއް ވެސް ނޭނގޭ… އޯ… ވަރަށް ބަނޑުހައި ފެންވަރާލަން ވެސް ބޭނުން…” އެންމެންގެ ކަންބޮޑުވުން ޔަލާ ފެނުމުން ފިލާ ހިނގައްޖެއެވެ. އަދި އެންމެފަހުން ޔަލާ ބުނެލި އެއްޗަކުން އެންމެންގެ ގާތަށް ހިނިއައެވެ. ހިނގާ ހިނގާ އޭނާ ވަރުބަލިވީ ވަރާއި މަންމަގެ އަތުން ހަދާ ކާއެއްޗެއް ކާލަން ބޭނުންވެފައި ހުރިވަރު ބުނުމުންނެވެ.

“ހީޒް ހެންޑްސަމް… ވެރީ…” ފެންވަރައިގެން ނުކުމެ ރީތިވާ ލޯގަނޑު ކުރިމަތީ އިސްތަށިގަނޑުގައި ފުނާއަޅަން އިނދެ ޔަލާ ބުނެލިއެވެ. އޭނާގެ ވާހަކައަށް އެނދުގައި އޮތް ލުހާގެ ސަމާލުކަން ހުއްޓުނެވެ.

އެއްފަހަރާ އެތައް ސުވާލެއް ޔަލާއާ ކުރިމަތިވެގެން ދިޔައެވެ. އެއާއެކު އޭނާ ތުންފަތުގައި ޝަހާދަތް އިނގިލިޖައްސާލަމުން އަޑުލައްވާލިގޮތުން ލުހާ ވާހަކަދެއްކުން ހުއްޓާލިއެވެ. އަދި މަޑުމަޑުން ޔަލާގެ ކައިރިއަށް އައިސް ތިރީގައި ދެފައިވަށްކޮށްލައިގެން އިށީނެވެ.

“އެހެންވީމަ އެއީ ކާކުކަން އެނގޭ ދޯ” ލުހާ ވަރަށް ސިއްރުން އަހާލިއެވެ.

“ޕްރޮމިސްކުރޭ އެކަކު ކައިރީ ވެސް ނުބުނާނަންކަމަށް” ރީތިވާ މޭޒުމަތީ ފުނާ ބާއްވާލުމާއެކު ޔަލާ އޭނާގެ ކޮއްކޮ ލުހާއާ ދިމާއަށް އެނބުރިލިއެވެ.

“އޯކޭ ޕްރޮމިސް… ދެން ބުނެބަލަ އެއީ ކާކުކަން”

“އެއީ ކާކުކަމެއް ނޭނގެ، އެކަމަކު ވަރަށް ވިއާޑް ކަމެއް ރޭގައިވީ… އެނގޭތަ؟ ރޭގައި އަހަރެން ހުރީ މިއަދު އަހަރެން ގެއަށް ގެނެސްދިން ޒުވާނާގެ ގޭގައި… އޭނާގެ މަންމަ ދެން އެގޭގައި އުޅެނީ، ވަލުތެރޭގައި ހުރި ބޮޑުގެއެއް، ވަށައިގެން ދަގަނޑު ފެންސު ވެސް ޖަހާފައި ހުރީ… އެ ޒުވާނާއަށް ކިޔާނަމެއް އަސްލު ނޭނގޭ… އެނގޭހާ ވެސް އެއްޗަކީ އޭނާގެ މަންމަ އޭނާއަށް ގޮވަނީ ޒާލްއޭ ކިޔައިފައިކަން… އަދި އެނގޭތަ! ކޮންމެވެސް އެހެން މީހަކު އެގޭގައި އުޅޭހެން ހީވަނީ… އެއްފަހަރު ހީވި އެގޭ މަތީބުރީގައި ހުރި ކުޑަދޮރުން ބަލަންހުރި ހެން… ވެދާނެ ޒާލްގެ ބައްޕަކަމަށް އެއީ…” ލުހާއަށް ހުރިހާ ވާހަކައެއް ޔަލާ ކިޔައިދިނެވެ. އަރީޝާ ނުދެއްކުމަށް އެދުނު ވާހަކަތަކަށް ދަންދެނެވެ. އަދި އަރީޝާ ސިއްރުކުރަން އުޅެނީ ކޮންކަމެއްތޯ ޔަލާއާއި ލުހާގެ ދެމެދުގައި މަޝްވަރާކުރެވުނެވެ. ދެބެން ވެސް ޝައުގުވެރި ކުރުވިކަމަކަށް އަރީޝާގެ ޢާއިލާއާ ބެހެގޭ ކަންކަން ވިއެވެ.

“ހަމަތެދެއް މިބުނީ، ޒާލް ހިޔެއްނުވޭ މިރަށު މީހެއްހެނެއް… ވަރަށް ތަފާތު… ކޮނޑުކެނޑިއެއްލާފައި ސޯޓުބުރީގައި ހުރިއިރު ހީވަނީ ހަމަ މޮޑެލްއެއްހެން” ޔަލާ ހިނިތުންވެލައިގެން އިނދެ ބުނެލިއެވެ.

“ހޫން! ހޫން! ޔާލްގެ ހިތްކިޔާވަރު މީހަކާ ދިމާވެއްޖެ ދޯ… އަދި ރަށަށް އައިތާ ހަފްތާއެއްނުވޭ” ލުހާ ދިމާކޮށްލިއެވެ.

“އެހެނެއްނޫން… ޒާލް ފެނިއްޖެއްޔާ ކޮންމެ އަންހެންކުއްޖަކަށް ވެސް އަހަންނަށް ވީގޮތް ވެދާނެ. ރީތި މީހުން ފެނުނީމާ ގޮތެއްނުވާ އިންސާނަކު ނުހުންނާނެއެއްނު… ލުހާ، އަހަރެން އެންމެ އަޖައިބުވަނީ ފެންގަނޑުން އަހަރެން ނެގި ޒުވާނާއާއި ހެނދުނު އަހަންނާ ބައްދަލުވި ޒުވާނާއާއަކީ މުޅިން ތަފާތު ދެ މީހެކޭ ހީވާތީ… ބުނެދޭކަށް ނޭނގޭ… އެހެންވިޔަސް ހަމަ ހިތް ބުނަނީ އެއީ ދެ މީހެކޭ…”

“ޒާލް ކައިރީ އެހިންތަ؟” ލުހާ ސީރިއަސްވެލިއެވެ.

“އޭނާއަށް ޝުކުރު އަދާކުރިން ފެންގަނޑުން ސަލާމަތްކޮށްދިނީމަ، އެކަމަކު އޭނާގެ ފަރާތުން މާބޮޑު ރިއެކްޝަނެއް ނުފެނުނު… މާގިނަ ވާހަކައެއް ވެސް ނުދައްކާ… އަހަރެން ގިނަ ވާހަކަދެއްކީ” ޔަލާ ވިސްނަން އިނދެ ބުނެލިއެވެ.

“ދެން ތިކަމާ ނުވިސްނާ ހިނގާ ބޭރަށް، މަންމަ ސައި ހަދާފައި ހުންނާނެ މިހާރު… ރަށު ކުއްޖެއްވިއްޔާ އަދި ފެންނާނެ، އަހަރެން އޮފީހަށް ގޮސް ބަލާލާނަން ޒާލްއާ ބެހޭ އެއްވެސް ކަހަލަ މަޢުލޫމާތެއް ލިބޭތޯ، މި ރަށުގައި ގެއެއް ހުރީވިއްޔާ ކޮންމެ ހިސާބަކު ހުއްޓަސް ރަޖިސްޓްރީއެއް އޮންނާނެތާ” ލުހާގެ ވާހަކައިން ޔަލާގެ އުންމީދު އާވިއެވެ. ނޭނގޭ ކަންކަން ހޯދުމަށް ޝައުގުވެރިވުމަކީ އިންސާނުންގެ ހުންނަ ޠަބީޢީކަމެކެވެ. ޔަލާއަށް ވެސް ވީ އެހެންނެވެ.

* * * *

“މި ހިސާބަށް އެ އަންހެން ކުއްޖާ އަންނަން ޖެހުނީ ކީއްވެކަމެއް އެއްގޮތަކަށް ވެސް ނުވިސްނޭ” ލަކުޑި ޑެކުމަތީ ހުރި ގޮނޑިއެއްގައި އިށީނދެގެން އިން އަރީޝާއަށް ގޭތެރެއަށް ވަންނަން އައި އޭނާގެ ދަރިފުޅު ފެނުމުން ބުނެލިއެވެ.

“މަންމާ، ދެން ތިވަރަށް ހާސްނުވެބަލަ… ވަލުތެރޭ ގެއްލިގެން މިހިސާބަށް އެކުއްޖާއަށް އާދެވުނީއޭ… ކޮބާ ޒަލަފް”

“އޭނާވީ ކޮޓަރީގައި، ޒާލިފްއާ ހެދި މަންމަ ކަންބޮޑުނުވިޔަސް ޒަލަފްއާމެދު މަންމަ ވިސްނަންޖެހޭ، ދަރިފުޅުމެން ދެ ކުދިން ތި ތިބީ މިހާރު ބޮޑުވެ ޒުވާނުންނަށްވެފައި، ކުޑައިރުގައި ގެންގުޅުނުހެން މިހާރު ނުގެންގުޅެވޭނެކަން އެނގޭ… ދަރިފުޅަށް އެނގެއެއްނު ޒަލަފް ގޮވައިގެން އަހަރުމެންނަށް މީހުންގެ ތެރެއަކު ނޫޅެވޭނެކަން” އަރީޝާ އިނީ އަދިވެސް ކަންބޮޑުވެފައެވެ.

“އެކަން އެ ނިމުނީ… މަންމަ ހީކުރާކަހަލަ ކަމެއްނޫން އެއީ” ޒާލިފް މިހެން ބުނެ އެތެރެއަށް ހިނގައިގަތެވެ.

“އެއީ އެވަރުކަމެއްނޫނޭ ބުންޏަސް އަހަރެންގެ ހިތް އެކަމާ އެއްބަހެއްނުވޭ… މި ހިސާބަށް މީހަކަށް ނާދެވޭނެ… ރައޫފަށް އަހަރެން އިތުބާރުކުރަން… އެހެންވީރު… އެހެންވީރު އޭނާއަށް މިހިސާބަށް އާދެވޭނެ އޮތީ އެންމެ ގޮތެއް…” އެކަނިމާ އެކަނި ވާހަކަދައްކަން އިން އަރީޝާ ކުއްލިއަކަށް ތެދުވިއެވެ. މޭގައި ދެއަތްޖައްސާލުމާއެކު އޭނާގެ މޫނުމަތިން އިންތިހާ ދަރަޖައިގެ ކަންބޮޑުވުން ފާޅުވެގެން ދިޔައެވެ. ޑެކުގެ ވައަތްފަރާތުގައިވާ ރެއިލިންގެ ކައިރިއަށް އައިސް ހުއްޓިލުމާއެކު ދުރަށް ނަޒަރު ހުއްޓާލިއެވެ. ފެންނަމުން ދިޔަ ބޯގަސްތަކުގެތެރެއަށް ފީނަން މަސައްކަތްކުރާ ކަހަލައެވެ.

“ހެލޯ…” ޒަލަފްގެ ކޮޓަރިއަށް ބޯދިއްކޮށްލާފައި ޒާލިފް ބުނެލިއެވެ. އޭނާއަށްވުރެ ޒަލަފް ދޮށީ އެންމެ ހަތްމިނެޓެވެ. އެ ދެ މީހުންނަކީ އަރީޝާއަށް ލިބުނު އެއްމާބަނޑު ދެބެންނެވެ. ނަމަވެސް ދެ ޒުވާނުންގެ ޠަބީޢަތް އުޑާއި ބިމާހާ ތަފާތެވެ.

އުއްޑުން އެނދުމައްޗަށް ވެއްޓިއޮތް ޒަލަފް އަނގައިން ނުބުނިތަނުގައި ބަލާ ވެސް ނުލިއެވެ. އޭނާ އޮތްގޮތަށް އޮތީއެވެ. ސީލިންއަށް ނަޒަރު ހުއްޓާލައިގެންނެވެ. ޒާލިފް ކޮޓަރިއަށް ވަނުމާއެކު ކުރަހާ ހަރުގައި ހުރި ދިގު ކެންވަސް ލޮލުގައި އަޅައިގަތެވެ. އެއާއެކު އެތައް ކުރެހުންތަކެއް އެ ކުޑަ ކޮޓަރީގެ ވަށައިގެން ހުއްޓެވެ. ކުޑަދޮރު ކައިރީގައި ހުރި ގޮނޑީގައި ވެސް ކުރެހުމެއް ބަހައްޓާފައި ހުއްޓެވެ. ލުއި ހިނިތުންވުމެއް ޒާލިފްގެ ތުންފަތަށް ވެރިވެގެން ދިޔައެވެ. އެތައް ދުވަހަކަށްފަހު ޒާލިފްއަށް ކަމުދާ އަންހެންކުއްޖަކު އޭނާއަށް ފެނުނެވެ. އެވެސް އޭނާގެ އަމިއްލަ ގެއިންނެވެ. އެހެންނަމަވެސް އެ އަންހެންކުއްޖާ އޭނާގެ ބޭބެއަށް މާބޮޑަށް ކަމުގޮސްފިކަމުގެ ހެކިތައް އޭނާގެ ލޯކުރިމަތީ ފެންނަން ހުއްޓެވެ.

“ވާ! ބުނާނެ އެއްޗެއް ވެސް ނެތް… ޒާލްއަށްވުރެ މޮޅަށް މިކަން ކުރެވޭނެ މީހަކު ނުހުންނާނެ” ކުރެހުންތަކާއި ނަޒަރު ވަކި ކޮށްލާފައި އެނދުގައި އޮތް ޒަލަފްއަށް ޒާލިފް ބަލާލިއެވެ. އެއާއެކު ޒަލަފްގެ ތުންފަތަށްވެރިވެގެންދިޔައީ ރަކި ހިނިތުންވުމެކެވެ. އޭނާ ތެދުވެ އިސްޖަހާލިއެވެ. އެއާއެކު ޒާލިފް އައިސް ޒަލަފްއާ ޖެހިގެން އެނދުގައި އިށީނެވެ.

“ކަމުދިޔައީތަ؟” ބޯއަރިކޮށްލަމުން ޒަލަފްގެ މޫނަށް ބަލަމުން ޒާލިފް އަހާލިއެވެ.

“ރީ.. ރީތި…” ހިނިއައިސްފައި އިނދެ މޫނު އަނެއްފަރާތަށް އަނބުރާލަމުން ޒަލަފް ބުނެލިއެވެ. އޭނާއަށް ކުރެވޭ އިހުސާސްތައް ބަޔާންކުރުން ފަސޭހަކަމަކަށްނުވެއެވެ. ނަމަވެސް ޒާލިފްއާއި ޒަލަފްގެ ދެމެދުގައި އޮންނަ ވަރުގަދަ ގުޅުމުގެ ސަބަބުން އެކަކު އަނެކަކުގެ ހިތުގައިވާ އެއްޗެއް ދެނެގަންނަން އެ ދެ ޒުވާނުންނަށް ނުހަނު ފަސޭހައެވެ. ޚާއްޞަކޮށް ޒަލަފް ނުބުނާ އެތައް ވާހަކައެއް ޒާލިފް ދެނެގަނެއެވެ.

“އާން! ވަރަށް ރީތި… އެ ރީތިކަމަށް ކިޔަނީ ޔަލާ…”

“ޔަލާ…” ކުޑަކުއްޖަކު ފަދައިން މުއުސޫމު ހީނލުމަކުން ހީނލާފައި ޒަލަފް ކިޔާލިއެވެ.

“މަސްފެންގަނޑުތެރެއިން ޔަލާ ނެގީ ޒާލްކަން އަހަންނަށް އެނގޭ… ކީއްވެ ތިރިއަށް ނައީ ހެނދުނު، މަންމަ ބުނީ ދޯ… އަހަންނަށް މާފުކުރޭ ޒާލް. ބައެއްފަހަރު ހިތަށް އަރާ ޒާލް ގޮވައިގެން ރަށުތެރެއަށް ހިނގައިދާނެމޭ… މިގޮތަށް ޖަލެއްގައި ބަންދުވެގެން…” ޒާލިފްގެ ވާހަކަ މެދުކަނޑާލަން ޖެހުނީ އޭނާގެ އަތުގައި ޒަލަފް ހިފުމުންނެވެ. އަދި މަޑުމަޑުން ދެ ފަރާތަށް އޭނާ ބޯހޫރާލީ އެ ކަހަލަ ވާހަކަ ނުދެއްކުމަށްކަން ޒާލިފްއަށް އެނގުނެވެ.

“އެނގެއެއްނު އެ ކުރެހުމުގައިވާ އަންހެންކުއްޖާ ދެން ނުފެންނާނެކަން… ފަހަރެއްގައި ޔަލާ އައީ ޒާލްއަށްޓަކައި ކަމަށް ވެސް ވެދާނެ… ޑެސްޓިނީ… އެއީ ޑެސްޓިނީ…” ޒަލަފްގެ ކޮނޑުގައި ދެ ފަރާތުން ހިފަހައްޓާލަމުން ޒާލިފް ބުނެލިއެވެ. އެހިނދު ޒަލަފްގެ ލޮލުން އުންމީދުގެ ވިދުމެއް ފާޅުވެގެން ދިޔައެވެ. އޭނާ މަޑުމަޑުން ތެދުވެގެން އައިސް ހަރުގައި ހުރި ކެންވަސްއަށް ނަޒަރުހުއްޓާލިއެވެ. ފަނޑުއަލިކަމުގެ ތެރޭގައި ޔަލާ ނިދާފައި އޮއްވާ އެ ކުރެހުމުގައި ފެންނަން ހުއްޓެވެ. އެއީ ޒަލަފް ރޭގައި ކުރެހި ކުރެހުމެކެވެ. އޭނާ އެ ކޮޓަރިއަށް ސިއްރުން ވަދެ ޔަލާ ފެނުމުން އެ މަންޒަރު ކުރެހުމެއްގައި ރައްކާކުރަން ބޭނުންވީއެވެ. ހަމައެއާއެކު ދެން ހުރި ކުރެހުމުގައި ލައިނޫފަރުމާ ފޮޅިފައިވާ ފެންގަނޑުގެތެރެއަށް ޔަލާ ގެނބިގެންދާ މަންޒަރު ކުރަހާފައި ހުއްޓެވެ. އަދި ޔަލާގެ ވަށައިގެން މަސްތައް އުޅެމުންދިޔަ މަންޒަރާއި ފެންގަނޑުގެ މަތިން ޔަލާގެ އަތުގައި ހިފުމަށް ފެންގަނޑުތެރެއަށް ކޮށްޕާލާފައިވާ އަތްތިލައެއް ވެސް ފެންނަން ހުއްޓެވެ.

“އެކަހަލަ ރީތި ކުދިން ރަށުގައި އުޅޭތަ؟” ކުރެހުމަށް ނަޒަރު ހުއްޓާލައިގެން ހުރެ ޒަލަފް އަހާލިއެވެ.

“ތެދަށް ބުނަންޏާ އަހަންނަށް ވެސް އެނގުނީ އަދިކިރިޔާ… ޔަލާއަކީ މި ރަށު ކުއްޖެއް، އެކަމަކު ރަށަށް އައިތާ އަދި ނުވޭ ގިނަ ދުވަހެއް… ޒަލަފްގެ ނަސީބު ގަދައީ… ރަށަށް އައިސް ގިނަ ދުވަހެއްނުވަނީސް އެ ރީތި އަންހެންކުއްޖާ ފުރަތަމަ ދުށުމުގެ ނަސީބު ލިބުނީމަ…” ޒާލިފްގެ ވާހަކައަށް ޒަލަފް ހީނލިއަޑު އިވުނެވެ. އެހެންނަމަވެސް އޭނާ އެނބުރިލި ވަގުތު ލޯގަނޑުން ފެނުނު ސޫރަ އޭނާގެ ހިނިތުންވުން ފަނޑުކޮށްލިއެވެ. މަޑުމަޑުން އައިސް އިސްކޮޅުވަރުގެ ލޯގަނޑުގެ ކުރިމަތީ ހުއްޓިލިއެވެ. އަތުގެ އިނގިލިތަކަށް ބަލާލިއެވެ. ނިޔަފަތިތައް ދޭތެރެއަށް ކުލަވަދެ މުޅި އަތްހެންވަނީ ހަޑިވެފައަވެ. އެ އަތުގައި ކުލަ ނުހުންނަ އިރެއް ނުދެއެވެ.

“ޒާލް…” އަރީޝާގެ އަޑު ކޮޓަރީގައި ތިބި ޒާލިފްއާއި ޒަލަފްއަށް އިވުނެވެ.

“މަންމަ އަދިވެސް އެހެން ގޮވާތީ ނޭނގެ އެ ގޮވަނީ އަހަރުމެން ދެ މީހުންކުރެ ކާކަށްކަމެއް…” ޒާލިފް އިނދެފައި ބުނެލިއެވެ.

“މަންމަ ބުނީ އަހަރުމެން ދެ މީހުންނެއްނޫނޭ… އަހަރުމެންނަކީ އެންމެ މީހެކޭ… މަންމަގެ ޒާލް އެކަންޏޭ… ޒާލްއަށް ގޮވީމާ ދެ މީހުން ވެސް އަންނާންވާނެއޭ… މަންމަ އަބަދުވެސް ގޮވާނީ ދެ މީހުންނަށް އެކީގައޭ… އަހަރުމެން ދެ މީހުންނަކީ ލޯގަނޑެއްގެ ދެ ފަރާތުގައި ތިބި އެއް ސޫރައޭ…”

“އޯކޭ… އޯކޭ… މަންމަ ބުނެފިއްޔާ ޒާލް ޤަބޫލުނުކުރާނެކަމެއް ނޯންނާނެކަން އެނގޭ…” ޒާލިފް ބުނެލިއެވެ.

“އަދި ހަނދާންނެތިފައޭ މި ހުރީ… މެންދުރު ވަރަށް ސަޅި ރާޅު ނަގާނެ، އާޕެއަށް އަހަރެންގެ ބޯޑު ފެނިފައި ވަރަށް ސަޅިވެގެން އުޅެނީ… ވަރަށް އަހާލަފައި ހުރި ކޮންތާކުންތޯ ބޯޑު ހެދީ…. އެންމެފަހުން ކުރިން ދުވަހު ތުނޑިއަށް ގޮސް އުޅެފައި ބުނި ހެވޯ ބޯޑު ހެދިތަނެއް ނުބުންޏަސް، އޭނާގެ ބޯޑު ގެންގޮސް ސަޅިކޮށްލަ ދީ ބަލާށޯ… ޒަލަފް ގާތުގައި ނާހާ ނުގެންނަންވެގެން… އެ ދުވަހު ވެސް ބުނަން ހުރީ، އެކަމަކު ގެއަށް އައިތަނާ މަންމަ ހަޅޭލަވަން ފެށީމަ ހަނދާންނެތުނީ… މިހާރު ވެސް ނޭނގެ ލެކްޗަރެއް ދޭން ނޫންކަމެއް އެ ގޮވަނީ” ޒާލިފް ބުނެލިއެވެ. ޒަލަފް ހީނލާފައި ވާހަކަދައްކަންފެށިއެވެ.

“ބޯޑުގައި ކުރަހަން ބޭނުންވާ އެއްޗެއް ބުނީމަ އެކަން ކޮށްދީފާނަން، ޒާލްގެ ރައްޓެހިންނަކީ އަހަރެންގެ ވެސް ރައްޓެހިން… ނުފެނުނަސް ބައްދަލުނުވިޔަސް ޒާލް ހުރިހާ ވާހަކައެއް ކިޔައިދޭތީ އެ މީހުންނަކީ ދުރުބައެއްކަމުގައި ހިޔެއްނުވޭ… ޒާލްއަށްޓަކައި އަހަރެން ކޮންމެ ކަމެއް ވެސް ކޮށްދޭނެނަން… ތީ އަހަރެން އެންމެ ލޯބިވާ މީހާ… އެކަމަކު މަންމައަށްފަހު…” ޒަލަފް ހީނލުމުން އޭނާގެ ބުރަކަށީގައި ޒާލިފް ތަޅައިގަތުމާއެކު ބޭބެގެ ގައިގާ އޮޅުލައިގަތެވެ.

“ސާބަސް! ތި ސިޑިމަތިން ވެއްޓި ގުޅައަށް ޖެހުނީމަ ދޯ މައިތިރިވާނީ…” އަރީޝާއަށް ދެބެން ފެނުމާއެކު ހަޅޭލަވައިގަތެވެ.

“ވެއްޓުނީމަ މަންމަ ބޭސް އަޅައިދޭނަމެއްނު… އެގޮތަށް ކިތައްފަހަރު މިހާރު މި ސިޑިން ވެއްޓިއްޖެ…” ހެމުން ހެމުން ޒާލިފް ބުންޏެވެ. ދަރިފުޅުގެ ވާހަކައިން ހިނިއަންނަ ގޮތްވިޔަސް އަރީޝާ ލޯ އަޅާލިއެވެ. ޒާލިފް އެ ބުނީ ދޮގު ވާހަކައެއް ނޫނެވެ.

* * * *

ޔަލާ ފެނިފައި ސިތާރާއަށް ވަރަށް ރޮވުނެވެ. އޭނާގެ މުޅި އުމުރުގައި ވެސް ކަންބޮޑުނުވާ ވަރަށް ޔަލާ ގެއްލުނީއޭ ހީވެ ހާސްވެ ދެރަވިއެވެ. އެތައް ފަހަރަކު ޔަލާގެ ކިބައިން މާފަށް އެދުނެވެ. ހަތަރު އަންހެނުންގެ މެދުގައި އެއްބަސްވީ ދެން ދުވަހަކު ވެސް ކުޅީ ސަރަޙައްދަށް ނުދިއުމަށެވެ. އެހެންނަމަވެސް ޔަލާގެ ސިކުނޑީގައި ވަނީ މުޅިން އެހެން ޚިޔާލެކެވެ. ނަމަވެސް އޭނާގެ ޚިޔާލުތައް އެހެންމީހުންނަށް ސިއްރުކުރިއެވެ.

ދެ ދުވަހެއްގެ ތެރޭގައި ޔަލާއަށް ހޮސްޕިޓަލުން ގުޅިއެވެ. ވަޒީފާ ހަމަޖެހުނުކަމާއި ޑިއުޓީއަށް ނުކުންނަންވީ ގަޑި އެންގިއެވެ. ގެއާއި ހޮސްޕިޓަލު ދުރުކަމުން ހިނގާފައި ދިއުން ފަސޭހަކަމަކަށް ނުވެއެވެ. ކޮންމެ ދުވަހަކު ނަވާޒުއާއެކު ކާރުގައި ދާކަށް ވެސް ޔަލާ ބޭނުމެއްނޫނެވެ. އެހެންވެ އޭނާ ރައްޔާއާ ވާހަކަދެއްކިއެވެ. ދައްތަގެ އަތުން ލޯނެއް ނަގައިގެން ސައިކަލެއް ހޯދުމަށެވެ. އަދި ދަޔާން ގާތުގައި ބުނެގެން ސައިކަލު ދުއްވަން ދަސްކުރާށެވެ. އޭރުން ޔަލާ ބޭނުން ތަނަކަށް އޭނާ އެކަނި ދިއުމުގެ މިނިވަންކަން ލިބޭނޭތީއެވެ. އެއީ އޭނާ ބޭނުންވާގޮތެވެ. އަބަދު އޭނާއަށް ފާރަލާނޭ މީހަކު ނުހުރެ އެކަނި ރަށުތެރޭގައި އުޅެލަން ޔަލާ ބޭނުންވަނީއެވެ.

ރައްޔާ އެއްގޮތަކަށް ވެސް ޔަލާއަށް ލޯނެއް ދޭން އެއްބަހެއް ނުވިއެވެ. އޭނާ ބޭނުންވީ ޔަލާއަށް ހަދިޔާއެއްގެ ގޮތުގައި ސައިކަލު ގަނެދޭށެވެ. ނަވާޒު ވެސް ބޭނުންވަނީ އެގޮތެވެ. ލުހާ އަވަހަށް ޝަރުތު ކަނޑައެޅީ ޔަލާއަށް ސައިކަލު ދުއްވަން ދަސްވީމާ އޭނާ އޮފީހަށް ލާދޭން ދެން ދާންވާނީ ޔަލާ ކަމުގައެވެ. އަދި ދެ މީހުން އެކުގައި ރަށުތެރޭ ދުއްވާލަން ދެވޭނެކަން އެނގޭތީ އެކަމާ ވެސް ލުހާ ހުރީ ވަރަށް އުފަލުންނެވެ.

ޑިއުޓީއަށް ޔަލާ ނުކުން ފުރަތަމަ ދުވަހު ހޮސްޕިޓަލުގެ ބޯޑުގެ ހުރިހާ މެންބަރުންނާ ބައްދަލުކުރިއެވެ. ޑެޕިއުޓީ ސީއީއޯ ރީހާންއާއެކު މީޓިން ނިންމާފައި ޔަލާ ކޮންފަރެންސް ރޫމުން ނުކުތެވެ. އެ މީހުންނާއެކު ޑރ.ވިޖޭ ވެސް ހުއްޓެވެ. އޭނާއާއީ ރީހާން އިނގިރޭސިން ވާހަކަދައްކަމުން ދިޔައެވެ. އަދި ޔަލާއާ ވެސް ވާހަކަދެއްކީ އިނގިރޭސިންނެވެ. މިއަދަށްފަހު ޑރ.ވިޖޭއަށް ކަންކަން ރިޕޯޓު ކުރުމަށް ޔަލާއަށް ރީހާން އެންގިއެވެ. ހޮސްޕިޓަލުގައި ގިނައީ ބިދޭސީ ޑޮކްޓަރުންނެވެ. ދިވެހިންގެ ގޮތުގައި އުޅެނީ ހަތަރު ވަރަކަށް ޑޮކްޓަރުންނެވެ. މިހާރު ޔަލާއަކީ އާންމުބަލީގެ ޑޮކްޓަރެއްގެ އިތުރުން ހޮސްޕިޓަލުގެ އޮފަރޭޝަން ޑިޕާޓްމެންޓުގައި މަސައްކަތްކުރާ ޑޮކްޓަރެކެވެ. އެހެންނަމަވެސް އޭނާ އަކީ އޮޕަރޭޝަން ޑޮކްޓަރެއް ނޫނެވެ. ކިޔެވުން އެއްކޮށް ފުރިހަމައެއް ނުވެއެވެ. މަސައްކަތުގެ ތަޖުރިބާއަކީ ޑޮކްޓަރުންނަށް ވަރަށް މުހިއްމު އެއްޗެކެވެ. އެތައް އަހަރަކު ކިޔަވާ އެތައް ތަޖުރިބާއެއް ލިބުމަށްފަހު ނޫނީ ޚާއްޞަ ޑޮކްޓަރަކަށް ވުމަކީ ފަސޭހަކަމެއް ނޫނެވެ. ޔަލާގެ މަސައްކަތުގެ ތަޖުރިބާ ކުރިއަށް ގެންދިއުމަށް އޭނާ ބޭނުންވީ އަމިއްލަ ޤައުމު ޚިޔާރުކުރާށެވެ. ދެ އަހަރު ފަހުން އަނެއްކާ ވެސް އޭނާ އެނބުރި ފުރާނީ ޚާއްޞަ ޑޮކްޓަރަކަށްވުމަށްޓަކައި ކިޔެވުން ފުރިހަމަ ކުރާށެވެ. އެހެންނަމަވެސް މިފަހަރު ސަރުކާރުގެ އެއްވެސް ބޮންޑެއް ނުލައެވެ. އަމިއްލަ ޚަރަދުގައެވެ. އެންމެ ބޮޑު ހުވަފެން ހަޤީޤަތަކަށް ހެދުމަށެވެ. ހޭނައްތާ ޚާއްޞަ ޑޮކްޓަރަކަށް ވުމަށްޓަކައެވެ.

“އޯލް ދަ ބެސްޓް…” ރީހާން ހިނގައިގަންނަމުން ޔަލާއަށް ބުނެލިއެވެ. އަދި އޭނާގެ ލޮލުގައި އަޅާފައިވާ ނަންބަރު އައިނު ރަނގަޅު ކޮށްލަމުން ހިނިތުންވެލިއެވެ. ސިތާރާ ބުނިހެން ރީހާންއަކީ ރީތި ޒުވާނެކެވެ. އޭނާގެ ފަން އިސްތަށިގަނޑު ފަހަތަށްވާގޮތަށް އޮމާންކޮށް ތަތްކޮށްލާފައި ހުރިއިރު ލޮލުގައި އަޅާފައިވާ އައިނުން އޭނާއަކީ ވަރުގަދަ ޞަޚްޞިއްޔަތެއްގެ ވެރި ޒުވާނެއްކަމާމެދު ޝައްކެއްނެތެވެ. ހޮސްޕިޓަލުގައި ގިނައީ ޒުވާން ދިވެހި ނަރުހުންނަށްވާއިރު އެ މީހުންގެ ތޫނު ނަޒަރުތައް ހޯލްވޭއިން ހިނގާފައި ދިޔަ ރީހާންއަށް އަމާޒުވަމުން ދިޔަތަން ޔަލާ ދުށްޓެވެ. ޔަލާ ހިނިތުންވެލިތަން ޑރ.ވިޖޭއަށް ފެނުމުން އޭނާއަށް ވެސް ނަގައިގަނެވުނީ ކަންނޭނގެއެވެ.

“އިޓްސް އޯލްވޭސް ލައިކް ދިސް… ގާލްސް ލައިކް ޓު އީޓް ހިމް ވިތް ދެއަރ ސްޓެއަރސް” ޑރ.ވިޖޭ ހިނިއައިސްފައި ހުރެ ބުނެލިއެވެ.

ޔަލާ އާއި ޑރ.ވިޖޭ ހިނގައިގަތެވެ. ބަލި މީހުން ބަލަންފަށާނީ ޖެހިގެން އަންނަ ދުވަހު ކަމުގައި ޑރ.ވިޖޭ އެންގިއެވެ. އަދި ޑޮކްޓަރުންގެ ޒިންމާތަކާއި ހޮސްޕިޓަލު ތެރޭގައި ޢަމަލުތައް ބަހައްޓަންވާނޭ ގޮތް ވެސް ޑރ.ވިޖޭ ކިޔައިދިނެވެ. ޑިއުޓީއަށް އައިސް ޑޮކްޓަރުންނަށް ޚާއްޞަ ކުރެވިފައިވާ ނޯޓިސް ބޯޑު ކޮންމެ ދުވަހަކު ވެސް ބަލަން ޖެހޭނެ ކަމުގައި ޑރ.ވިޖޭ ބުންޏެވެ. އޭނާ ޔަލާ ގޮވައިގެން އައިސް އެންމެ ފަހުންވަނީ އޭނާއަށް ޚާއްޞަ ކުރެވިފައި ހުރި ކެބިންއަށެވެ. އެތަނުގައި އިތުރު މޭޒަކާއި ގޮނޑިއެއް ހުއްޓެވެ. އެ ދިމާއަށް އިޝާރާތްކޮށްލާފައި ޔަލާގެ ގާތުގައި އެ ތަނުގައި އިށީނުމަށް ޑރ.ވިޖޭ ބުންޏެވެ. އަދި އޭނާ ޔަލާއަށް ވަރަށް ތަޢުރީފުކުރިއެވެ. ޚާއްޞަ ޑޮކްޓަރަކަށް ނުވަތަ ސްޕެޝަލިސްޓަކަށް ވެވޭނީ ވަރަށް ހިތްވަރުގަދަ ޑޮކްޓަރުންނަށް ކަމަށް އޭނާ ޔަލާގެ ގާތުގައި ބުންޏެވެ. ހިތްވަރާއިއެކު މަސައްކަތްކުރުމަށް ވިޖޭ އެދުނެވެ. އަދި އެހީތެރިކަމެއް ބޭނުންވެއްޖެނަމަ ފަސްނުޖެހި ވިޖޭގެ ގާތުގައި އެދުމަށް ވެސް އޭނާ ބުންޏެވެ. ޝިޔާރުއަށްވުރެ ރީހާނުގެ ގާތުގައި ކަންކަމުގައި ބުނުމުން އެކަމެއް ބަލާލެއް އަވަސްވާނެކަމުގައި ވެސް ވިޖޭ އިރުޝާދު ދިނެވެ. މިއަދަށްފަހު ޔަލާ އިންނާނީ ވިޖޭއާއެކު އޭނާގެ ކެބިންގައި ކަމުގައި ބުންޏެވެ. އޭރުން ޔަލާގެ ރިސާޗުމަސައްކަތްތައް ވެސް ކުރިއަށް ގެންދަން ފަސޭހަވާނެކަމުގައި ވިޖޭ ބުންޏެވެ. މި ހުރިހާ ކަމަކަށް ޔަލާ އިނީ އުފަލުންނެވެ. ހޮސްޕިޓަލުގެ ވެރިން އޭނާއަކީ ޤާބިލު ޑޮކްޓަރެއްކަމުގައި ބަލައިގަނެ ތަނަވަސްކޮށްދިން މާޙައުލަށް ޔަލާ ޝުކުރުވެރިވެއެވެ. މަސައްކަތުގެ މާޙައުލަކީ ހިތްހަމަޖެހޭ ތަނަކަށް ވެގެން ނޫނީ މަސައްކަތުގެ އެންމެ ފުރިހަމަ ނަތީޖާ ނުނިކުންނާނެއެވެ. އެއީ ޔަލާ އަބަދުވެސް ޤަބޫލުކުރާ ކަމެކެވެ.

ފުރަތަމަ ދުވަހު ހޮސްޕިޓަލުގައި އުޅެން ޖެހުނު ވަގުތު ދިގުހެން ޔަލާއަށް ހީވިއެވެ. ކުރާނެ މަސައްކަތެއް ނެތުމުންނެވެ. އެހެންނަމަވެސް އޭނާ ކަންކަން ދަސްކުރުމަށް ޝައުގުވެރިކަން ފާޅުކުރާވަރު ޑރ.ވިޖޭއަށް ފެނިގެން ވޯޑުތަކުގެ ޑޮކްޓަރުން ކުރެ ޑޮކްޓަރަކާއެކު ޔަލާ ފޮނުވިއެވެ. ވޯޑުތަކުގައި ކަންކަން ހުންނަ ގޮތް ޔަލާއަށް ދަސްކޮށްދިނުމުގެ ބޭނުމުގައެވެ. އެކަމުން އޭނާގެ ވަގުތު ވެސް ހޭދަވެގެންދާނެތީއެވެ.

“ކިހިނެއްވަނީ ފުރަތަމަ ދުވަސް… ކައިފިންތަ؟ ހިނގާ ކާން…” ގޭތެރެއަށް ޔަލާއާއި ލުހާ ވަދެގެން އައި އެކުއެކީގައި ނަމަވެސް ޞާބިރާގެ ސުވާލުތައް ފުރަތަމަ އަމާޒުވީ ޔަލާއަށެވެ.

“ފެންވަރާލައިގެން ކާނީ” ހޮސްޕިޓަލުގައި ކަންކަން ދިޔަ ގޮތާއިމެދު ހިތްހަމަޖެހުން ފާޅުކޮށްފައި ޔަލާ ބުނެލިއެވެ. އަދި އޭނާގެ ކޮޓަރިއަށް ދިއުމަށް ހިނގައިގަތެވެ. އެއާއެކު ޞާބިރާ ހަގު ދަރިފުޅާ ސުވާލުކޮށްލިއެވެ.

“ސިޓީ ލައިފިންތަ؟”

“ލައިފިން… ވަރަށް މައްސަލަ ޖެއްސި ކެނޑެން އުޅޭތީ. ބުނިން އެހެން ވަޒީފާއަކަށް ދާންވެގެންނޭ” ލުހާ ސޯފާގައި ހަމަޖެހިލަމުން ބުނެލިއެވެ.

“އޭރުން ކިހިނެއްވާނީ، އެމީހުން ކަނޑައި ނުދީފިއްޔާ ދެން ކިހިނެއްވާނީ… އަނެއްކާ ކިހާ ދުވަހެއް ދަރިފުޅު އެތަނުގައި މަސައްކަތް ކުރާތާ. ތަޖުރިބާ ހުރި މުވައްޒަފެއް ކެނޑިގެން ދާކަށް އެތަނުގައި ބޮޑެތި މީހުން ބޭނުމެއްނުވާނެއެއްނު” ޞާބިރާ ކުޑަކޮށް ހާސްވިއެވެ.

“ވަޒީފާ ހުސްވާއިރަށް އާ ކުދިން އެމީހުންނަށް ލިބޭނެ، ރަށުގައި ކިހާ ކުދިންނެއް އެ ތިބެނީ ވަޒީފާއެއް ބޭނުންވެފައި. އެންމެ މައްޗަށް ކިޔެވެން އޮތަސް ރަށުގައި ވަޒީފާއެއް ނެތެއްނު… މަންމަ ހާސްނުވޭ، ކެނޑެން އުޅޭ މީހަކު އެމީހުން ވެސް ނޫޅޭނެ ހިފަހައްޓާކަށް، އަޅުގަނޑު ވެސް އަލަށް ވަންއިރު އެތަނުގެ މަސައްކަތް ކުރާ ގޮތެއް ނޭނގޭ. މަޑުމަޑުން ދަސްކުރީ… އެހެންނޫނަސް އެއަރޕޯޓުން ލިބުނީމަ މާ މުސާރަ ވެސް ބޮޑުވާނެ. ޔުނީފޯމު ވެސް ލިބޭނެ…” ލުހާ އައު ވަޒީފާއަކަށް ދިއުމަށް ފޮނު އުންމީދުތަކެއް ކުރާކަން އޭނާގެ ވާހަކައިން ޞާބިރާއަށް ވެސް އެނގުނެވެ.

“ދެން ދޭ ދަރިފުޅު ވެސް ތާޒާ ވެލައިގެން ކާން އަންނަން. މިއަދު ސައިބޯން ބިސްކީމިޔާ ހަދާފަ ހުންނާނެ. ރާމިއްޒަ އަޅާ މީރު ބޯކިބާ ވެސް އެބަހުރި ފޮނުވައި” ލުހާގެ ކޮނޑުގައި ފިރުމާލަމުން ޞާބިރާ ބުނެލިއެވެ.

ހަވީރު ސައިބޮއެގެން ލުހާއާއި ޔަލާ ގެއިން ނުކުތީ ދަޔާންއާއި ރާވީއާއެކުއެވެ. ޔަލާއަށް ސައިކަލު ދުއްވަން ދަސްކޮށްދޭން އުޅުނީ ރާވީއެވެ. ލުހާ ފޮނިވެލާފައި އިނީ ދަޔާންގެ ސައިކަލު ފަހަތުގައި އިނދެވުނީމައެވެ. ޔަލާ ބޭނުންވިހެން ދަޔާންއާއި ލުހާގެ ދެމެދުގައި އޮތް ގުޅުން މަޑުމަޑުން ގާތްވާން ފަށައިފިއެވެ. ދެ މީހުން އެކަކު އަނެކަކާ ވާހަކަދައްކާލެއް ވެސް ގިނައެވެ. ރާވީ ހުންނަނީ ފާޑަކަށް ޔަލާއާ އަޅައިގަނެފައި ހުންނަ ހެންނެވެ. ކޮންމެ ކަމެއް ކުރަން ޖެހުނަސް ޔަލާއާ އެންމެ ފުރަތަމަ ބައިވެރިވާން ތައްޔާރަށް ހުންނަނީ ރާވީއެވެ. އެހެންނަމަވެސް އޭނާގެ ހިތުގައިވާ އެއްޗެއް ޔަލާއަށް ފާޅެއް ނުކުރެއެވެ.

ސައިކަލު ދުއްވަން އުޅުމުގެ ތެރޭ އެތައް ފަހަރަކު ޔަލާ އަރިއަޅައިލައިގެން ވެއްޓެން އުޅުނެވެ. އެންމެފަހުން އެ ދުވަހަށްވާވަރު ވެއްޖެކަމުގައި ބުނެ ހުއްޓާލީއެވެ. އަދި ރާވީގެ ސައިކަލު ފަހަތުގައި ދަޔާންއާއި ލުހާއާއެކު ޔަލާ ރަށު ތެރޭގައި ދުއްވާލަން ދާން ނިންމިއެވެ. ހަތަރު މީހުން ޖޯޑު ހަދާލައިގެން ދެ ސައިކަލުގައި ރަށުގެ އެކި މަގުތަކުން ދުއްވަމުން ދިޔައިރު ރާވީއާ ސުވާލުކުރަމުން ޔަލާ ދިޔައީ އޭނާއަށް ފެންނަ ތަންތަނާ ބެހޭ ގޮތުންނެވެ. އެހެންޏާ ނާންނަ ހިސާބުތައް ޔަލާއަށް ފެނުނެވެ. އިރުއޮއްސެންވާއިރަށް ގެއާ ދިމާއަށް ދިއުމަށް ރާވީއާއި ދަޔާން ސައިކަލުގެ މިސްރާބު ބަދަލުކޮށްލިއެވެ. ރަށުގެ އެންމެފަހުން ތާރުއެޅި ބޮޑުމަގުގައި ދުއްވަމުން ދިޔައެވެ. ރާވީގެ ފަހަތުގައި އިން ޔަލާގެ ލޮލުގައި އަޅައިގަތީ ދުރުން އެމީހުންގެ ކުރިމަތިން އަންނަ ސައިކަލުގެ ފަހަތުގައި އިން ޒުވާނާގެ އަތުގައިވާ ސާފުބޯޑެވެ. ވަގުތުން އެއީ ކޮން ސާފުބޯޑެއްކަން ޔަލާއަށް ނަގައިގަނެވުނެވެ. މީހާ ފެންނަ ވަރަށް ކައިރިއަށް ސައިކަލު އައުމާއެކު ޔަލާއަށް ލިބުނީ ހައިރާންކަމެވެ. ހަމައެހިނދު އޭނާގެ ތުންފަތުގައި ހިނިތުންވުމެއް ދުވެލިއެވެ. ސާފު ބޯޑު ހިފަހައްޓާލައިގެން އިނީ ޔަލާ ގެއަށް ގެނެސްދިން ޒުވާނާއެވެ.

ސައިކަލު ފަހަތުގައި ހިނިތުންވެލައިގެން އިން ޔަލާ ފެނުމުން ޒާލިފަށް ވެސް ލިބުނީ ވަރަށް ބޮޑު ހައިރާންކަމެކެވެ. ދެތިން ދުވަސްފަހުން އަލުން ޔަލާ ފެނުމުންނެވެ. އޭނާއަށް ވެސް ބޭއިޚްތިޔާރުގައި ހިނިތުންވެލެވުނެވެ. އަދި ތަންކޮޅެއް ބޮޑަށް ހީނލެވުނީ ޔަލާ ފަހަތަށް އެނބުރި ވެސް އޭނާއަށް ބަލާކަން އެނގުނީމައެވެ.

“އޭތް! އެއީ އެއްކަހަލަ އަންހެންކުއްޖާ ދޯ؟” ސައިކަލު ދުއްވަން އިން އަފްރާޙު އަހާލިއެވެ.

“ކޮން އަންހެންކުއްޖެއް” ޒާލިފް ނޭނގޭ ކަމަށް ހެދިއެވެ.

“މަށަށްތަ އޮޅުވާލަން ތިއުޅެނީ… ތީ އަންހެންކުއްޖަކަށް ދުވަހަކު ވެސް ބަލާނުލާ މީހެއް. އެހެންވީމަ ކުއްލިއަކަށް އަންހެންކުއްޖަކު ގޮވައިގެން ހުއްޓާ ފެނުނީމަ ކިހިނެއް ހަނދާންނެތޭނީ… އަހަރުމެން ގޭދޮށަށް ސައިކު ބަލާ އައީ އެ އަންހެންކުއްޖާ ގޮވައިގެން… ބުނެބަލަ… ބިޓުތަ އެއީ؟” އަފްރާޙު އަހާލިއެވެ.

“މަގޭ ބިޓެއް ހުރިއްޔާ އަފްރާޙަށް ނޭގިއެއްނުދާނެ” ޒާލިފް ބުނެލިއެވެ.

“ސީރިއަސްކޮށް ބުނެބަލަ… އަހަންނާއެކު އުޅުނަސް ޒާލިފްގެ ހަޤީޤަތް ތެދަށް ބުނަންޏާ މަށަކަށް ނޭނގޭ… ބައެއްފަހަރު ހުރިހާ ކަމެއް ނޭނގުނަސް މީހާގެ ގޮތް އެނގިދާނެ…”

“ސީރިއަސްކޮށޭ މިބުނީ… އެއީ ބިޓެއްނޫން” ޒާލިފް މިހެން ބުނުމާއެކު ފުންނޭވާއެއްލިއެވެ. ސިކުނޑީގައި އިތުރު ޚިޔާލުތަކެއް އެނބުރިގަތީ ކަހަލައެވެ. ދުރަށް ނަޒަރު ހުއްޓާލައިގެން އޭނާ އިނެވެ.

“އެހާ ރީތި ކުއްޖަކާއެކު ޒާލިފް ފެނިފައި އެއީ ބިޓެއް ނޫނޭ ބުނީމަ ވަރަށް ހައިރާންވެއްޖެ. އެކަމަކު އަހަންނަށް ހާދަ ހީވެޔޭ އެއީ ޒާލިފްގެ ކަމެއްހެން… އަދި ބިޓަކަށް ވާނެ… މަށަށް ޔަޤީން… އެވަރަކަށް ނޫންވިއްޔާ އެ ކުއްޖާ އެ ބެލީ” އަފްރާޙު މިހެން ބުނެ ހީނލިއެވެ. ނަމަވެސް ޒާލިފްގެ ކައިރިއަށް ހިންޏެއްނައެވެ.

“މިއަދު ތިގެއަށް ގޮސް ބޯޑު ހިފައިގެން ދާނީ، އޭގެ ކުރިން ކުރަހަންވީ އެއްޗެއް ވެސް އަދި ނުބުނަމެއްނު” ކުއްލިއަކަށް ޒާލިފް މައުޟޫޢު ބަދަލުކޮށްލިއެވެ.

ޒާލިފުގެ ސާފުބޯޑު އަފްރާޙުގެ ގޭގައި ބަހައްޓާފައި އޭނާ ގެއާ ދިމާއަށް ހިނގައިގަތީ އަފްރާޙުގެ ސާފުބޯޑު ހިފައިގެންނެވެ. އެ ދިޔަ މަގުމަތީ އޭނާގެ ސިކުނޑީގައިވީ ޔަލާގެ ޚިޔާލެވެ. ފުރަތަމަ ނަޒަރުން މީހަކު ކަމުދިޔަ ނަމަ އޭނާއަށް ޔަލާ ކަމުދިޔައެވެ. ނަމަވެސް އެ އަންހެންކުއްޖާއަކީ ފެނުނު ހުވަފެނެއްކަމުގައި ޤަބޫލުކޮށްލީއެވެ. ހުވަފެނަކީ ބިލާހަކަށްވާތީއެވެ. ނަމަވެސް ދެވަނަ ފަހަރަށް އޭނާގެ ކުރިމައްޗަށް އެ އަންހެންކުއްޖާ އަތުވެއްޖެއެވެ. އެއް ހުވަފެނެއް ދެ ފަހަރަށް ފެންނަންވެއްޖެނަމަ އެކަމާ މެދު ނުވިސްނައެއް ނުހުރެވޭނެއެވެ. ޚިޔާލުގައި ހުރެ ގަސްތަކުގެތެރެއިން ލާފައި އޭނައަށް ގޭއާ ހަމައަށް އާދެވުނެވެ. އެއާއެކު އޭނާގެ ލޮލުގައި އަޅައިގަތީ މަސްފެންގަނޑާ ދިމާ ފެންސުގެ ދެ ދަގަނޑުގައި ހިފަހައްޓާލައިގެން ގަސްތަކާދިމާއަށް ނަޒަރު ހުއްޓާލައިގެން ހުރި ޒަލަފްއެވެ.

“ޒަލަފް…” ގޭޓު ހުޅުވާލުމުން ވެސް ޒަލަފް ބަލާނުލީތީ އޭނާއާ ދިމާއަށް ހިނގައިގަންނަމުން ޒާލިފް ގޮވާލިއެވެ.

“މިތާ ކިހިނެއްވެފައި ތި ހުރީ…” ޒާލިފް އައިސް ޒަލަފްގެ ކޮނޑުގައި ޖަހާލަމުން ބުނެލިއެވެ.

“ކަމެއްނުވޭ” ހަށިފުރާލީ ނޭވާއާއެކު ޒަލަފް އިސްޖަހާލަމުން ފެންސުގެ ދަގަނޑުގައި ބޯޖައްސާލިއެވެ.

“މިތަނުން ބޭރަށް ނުކުންނަން ބޭނުންވަނީ… ނޫންތަ؟” އިރުކޮޅަކު ޒަލަފްއަށް ބަލަންހުރެފައި ޒާލިފް ބުނެލިއެވެ. އެއާއެކު ޒަލަފް އޭނާއަށް ބަލާލީ މާނަފުން ގޮތަކަށެވެ. ހަމައެހާއަވަހަށް ދެ ފަރާތަށް ބޯހޫރާލިއެވެ. އަދި އެނބުރި ހިނގައިގަތީ ގޭތެރެއާ ދިމާއަށެވެ.

“މިއޮތީ އަފްރާޙުގެ ބޯޑު… ފެންވަރާލައިގެން ނުކުމެ ފޮޓޯ ދައްކާލާނަން…” ޒަލަފްގެ ފަހަތުން ހިނގައިގަންނަމުން ޒާލިފް ބުނެލިއެވެ.

ކޮޓަރިއަށް އައިސް ޒަލަފްވަނެވެ. ކުޑަދޮރުގެ ކައިރީ ހުރި ގޮނޑީގައި އިށީނުމާއެކު އޭނާގެ ނަޒަރު ހުރީ ފާރުގައިވާ ކުރެހުމަށް ހުއްޓިފައެވެ.

“ލޯމަރައިގެން ނޯވެ ލޯ ހުޅުވާލަބަލަ… އަހަންނާ… އަހަންނާ ވާހަކަދައްކަން ލަދު ގަންނަނީތަ؟” ކުރެހުމަށް ބަލަން އިނދެފައި ޒަލަފް އިސްޖަހާލީ ހިނިތުންވެލަމުންނެވެ.

މީގެ ކުރިން ޒަލަފްއަށް އިހުސާސް ނުކުރެވޭ އެތައް އިހުސާސްތަކެއް އޭނާގެ ހިތަށް ބަރުކުރަމުން ދަނީއެވެ. ކުރެހުމުގައިވާ އަންހެންކުއްޖާއާ ބައްދަލުކުރަން އޭނާގެ ހިތް އެދެމުންދިޔައެވެ. ނަން ފިޔަވައި އިތުރު އެއްވެސް އެއްޗެއް އެ އަންހެންކުއްޖާއާ ބެހޭ ގޮތުން ޒަލަފްއަށް ނޭނގޭތީވެ އިތުރަށް އެނގެން އޭނާ ބޭނުންވެއެވެ. އެ ދެމެދުގައި އުފެދޭނީ ކޮންކަހަލަ ގުޅުމެއްކަމެއް ނޭނގުނަސް ކޮންމެވެސް ސިފައެއްގައި ޔަލާއާ ގާތްކަމެއް ބާއްވަން ޒަލަފް ބޭނުންވަނީއެވެ.

ގޮނޑީގެ ތެރެއަށް ހަށިގަނޑު ދޫކޮށްލުމާއެކު ޒަލަފް ފުންނޭވާއެއް ލިއެވެ. މިފަހަރު އޭނާއަށް ލިބިގެންދިޔައީ މާޔޫސްކަމެވެ. ފުރަތަމަ ފަހަރަށް އޭނާއަށް ޤައިދީއެއް ފަދައިން އަމިއްލަ ދިރިއުޅުން ސިފަކުރެވިގެން ދިޔައެވެ. ޒާލިފް އުޅޭ ކަހަލަ މިނިވަން ދިރިއުޅުމެއް އޭނާއަށް ނޫޅެވެންވީ ސަބަބެއް އެއްގޮތަކަށް ވިސްނުމަކަށް ނާދެއެވެ. ބޮޑުވަމުން އައިއިރު މީހުންގެ ތެރޭގައި ޒަލަފްގެ ޢާއިލާއަށް ނޫޅެވެންވީ ސަބަބެއް އޭނާއަށް ނޭނގެއެވެ. ބައެއްފަހަރު ބައެއް ކަންކަން ޒާލިފު ވެސް ޒަލަފަށް ސިއްރުކުރާހެން އޭނާއަށް ހީވެއެވެ. ޒަލަފްގެ އުމުރުގައި އައި އެންމެ ދަތި އުނދަގޫ ދުވަސްތައް ކަމުގައި ފުރާވަރުގެ ދުވަސްތައް ވިއެވެ. އަނެއްކޮޅުން އޭނާއަށް އެންމެ ބޮޑު އެހީތެރިކަމެއް ވަނީ ވެސް ޒާލިފެވެ. އެހެންވީރު އޭނާއާ މެދު ނުބައި ވިސްނުމެއް ގެންގުޅޭކަށް ޒަލަފް ބޭނުމެއްނުވެއެވެ. މާޔޫސް ކަމާއެކު ޒަލަފް ކުޑަދޮރުން ބޭރު ބަލާލިއެވެ.

“ޒަލަފް…” ދޮރުގައި ޓަކި ޖަހާލުމާއެކު ޒާލިފް ވަދެގެން އައެވެ. އޭރު އޭނާގެ ކުރުކޮށްކޮށާފައި ހުރި އިސްތަށިގަނޑުގައި ތެތްކަން އެކުލެވިފައިވާއިރު މޫނުމަތިން ތާޒާކަން ފާޅުވޭވޭ ހުއްޓެވެ. ލައިގެން ހުރި ކަޅު ޖިންސާއި އަޅިކުލައިގެ ޓީޝާޓުގައި އޭނާގެ ދިގު އިސްކޮޅާއި ފުޅާ ހަށިގަނޑުން ފިރިހެންވަންތަކަން ސިފަވެގެންދެއެވެ. ކޮޓަރިތެރެއަށް ބަލާލުމާއެކު އެނދުގެ ތަންމަތި ރަނގަޅުކޮށްލާފައި ޒާލިފް އައިސް އިށީނެވެ. އެއްވެސް އިރެއްގައި ޒަލަފްގެ ކޮޓަރިއަކީ ތަރުތީބު ކުރެވޭ ކޮޓަރިއެއް ނޫންކަން ޒާލިފަށް އެނގޭތީ އޭނާ އެކަހަލަ ކަންކަމާ އެއްވެސް އެއްޗެއް ނުބުނެއެވެ.

“ރޭގަ ޖަނެރޭޓަރު ހުއްޓުނު ދޯ” ޒާލިފު އަހާލިއެވެ.

“ކުޑަ އިރުކޮޅަކަށް… މިހާރު ރަނގަޅުކޮށްފިން” ޒަލަފް ކުޑަދޮރުން ބޭރަށް ބަލަން އިނދެ ބުނެލިއެވެ. ޒަލަފްއަށް ކަމެއްވެއްޖެކަން ޒާލިފަށް ނަގައިގަނެވުނެވެ. ހަމައެއާއެކު ޒަލަފް އިށީނދެ އިން ގޮނޑީގެ ކުރިމައްޗަށް ވާގޮތަށް ހުރި ކުރެހުން ވެސް ޒާލިފަށް ފެނެއެވެ. އެހެންވެ ހުރިހާ ބޮޅުތަކެއް ގުޅުވާލާކަށް ޒާލިފަށް އުނދަގުލެއްނުވިއެވެ. ޒަލަފްއަކީ އެއްވެސް އިރެއްގައި އޭނާގެ އިހުސާސްތައް މާބޮޑަށް ހާމަކުރާ ޒުވާނެއްނޫނެވެ. ގިނަފަހަރަށް އޭނާ ބޭނުންވާކަމެއް ޒާލިފު އަމިއްލައަށް ދެނެގަންނަނީއެވެ. އެކަމަކު މިފަހަރު ޒަލަފްއަށް ދޭނެ ޖަވާބެއް އޭނާގެ އަތަކު ވެސް ނެތެވެ. އިރުކޮޅަކު ޒަލަފްއަށް ބަލަން އިނދެފައި ޒާލިފް ވާހަކަދައްކަން ފެށިއެވެ.

“އަފްރާޙުގު ބޯޑު ކިހާތާކު ޒާލްއަށް ނިންމާލެވޭނީ… މިއޮތީ ފޮޓޯ” ޒާލިފްގެ އަތުގައި އޮތް ފޯނު ޒަލަފްއަށް ދިއްކޮށްލިއެވެ.

“ދުވަހެއް ބުނޭ. އެ ދުވަހަކަށް ނިންމާނަން” ޒާލިފްގެ ފޯނުގައިވާ ފޮޓޯއަށް ބަލަން އިނދެ ޒަލަފް ބުނެލިއެވެ.

“މިއަދު ކޮން ދުވަހެއްތަ؟” ޒާލިފް ސުވާލުކޮށްލިއެވެ. އެއާއެކު ޒަލަފް ދެ ކޮނޑު އަރުވާލީ އޭނާއަށް ނޭނގޭ ކަމުގައި ބުނުމުގެ ގޮތުންނެވެ. އޭރު ވެސް އޭނާ އިނީ ޒާލިފްގެ ފޯނަށް ބަލާށެވެ.

“ތި ފޮޓޯ ބޮޑުކޮށް ކަރުދާހަށް ނަގައިގެން މާދަމާ ގެނެސްދޭނަން. އޭރުން ޒާލްއަށް މަސައްކަތް ފެށޭނެއެއްނު… ރަނގަޅުވާނެ ޒާލްއަށް ފެންނަ ދުވަހަކުން ނިންމާލިޔަސް. އަހަންނަށް އެނގޭ ޒާލް ކުރަހާކަށް ނުނަގާނެކަން ގިނަ ދުވަސްތަކެއް… ވަރަށް ބަނޑުހައި ވެސް ވެއްޖެ. ޒާލް ސައިބޮއެގެންތަ ތިއިނީ؟”

“އާން! މިގަޑީގައި އެއްވެސް އެއްޗެއް ކާކަށް ބޭނުމެއްނޫން. އަހަރެން ކޮޓަރީގައި މަޑުކޮށްލާނަން” ޒަލަފް އިން ގޮތުން އޭނާ ބޭނުންވަނީ އެކަނިވެލަންކަން ޒާލިފަށް ނަގައިގަނެވުނެވެ. އެހެންވެ އިތުރު ވާހަކައެއް ނުދައްކާ ޒަލަފް ދިއްކޮށްލި ފޯނު ހިފައިގެން އެ ކޮޓަރިން ޒާލިފް ނުކުތެވެ.

* * * *

ގޭދޮށުގައި މަޑުކޮށްގެން ތިބި ގުރޫޕުގަނޑު ބައިބައިވެ އެންމެ ފަހުން ޔަލާއާއި ލުހާ ވެސް ގޭތެރެއަށް ވަނެވެ. އެ ދެބެން ފެންނަ އިރަށް ޞާބިރާ ހަނދާންކޮށްދިނީ މަޤުރިބު ނަމާދަށް ގޮވަން އުޅޭކަމުގައެވެ. އެހެންވީމަ އަޅުކަމަށް އަވަސްވެގަތުމަށް އެދުނެވެ. ޔަލާއާއިއެކު ލުހާ ވެސް ސިޑިން އަރައިގެން އައީ ޔަލާގެ ކޮޓަރިއަށެވެ. ކޮޓަރީގެ ދޮރު ލައްޕާލުމާއެކު ލުހާގެ ސުވާލުތައް ޔަލާއާ ކުރިމަތިވިއެވެ.

“ދެން ބުނެބަލަ… އަހަންނަށް އެނގޭ ދަޔާންމެން ގާތުގައި އެއީ ކާކުކަން ޔާލް ގަސްދުގައި ނުބުނީކަން… ސޯ ޕްލީޒް… ދެން ބުނެބަލަ… މިހާރު އަހަރުމެން ދެ މީހުން ފިޔަވައި މިތާކު އެކަކު ވެސް ނެތެއްނު” ލުހާ އާދޭސްކޮށްލިއެވެ.

“އެއީ… އެއީ ޒާލް… އެއީ ހަމަ އޭނާ… އެކަމަކު ލުހާ…. އަހަރެން އަޖައިބުވެއްޖެ… އެނގޭތަ؟ ރަށަށް އައި ފުރަތަމަ ދުވަހުން ފެށިގެން އަހަރެންގެ ލޮލުގައި އެ ސާފުބޯޑު އަޅައިގަތް. އެކަމަކު އެއީ ކާކުކަމެއް ނޭނގޭ… އެ ބޯޑުގައިވާ ކުރެހުން ރީތިވެގެން އަހަރެން އުޅުނިން… ޒާލްއާ ބައްދަލުވި ފަހަރު ވެސް ނޭނގޭ އޭނާއާ ބެހޭ އެއްވެސް އެއްޗެއް… މިއަދު އެ ސާފުބޯޑާއެކު އޭނާ ފެނުނީމާ ޤަބޫލު ވެސް ނުކުރެވުނު…” ޔަލާ ދެ ފަރާތަށް ބޯހޫރަމުން ކޮޓަރިތެރޭ ދެ ކޮޅަށް ހިނގަމުން ދުލާ އެއްވަރަށް ދެއަތް ވެސް ހަރަކާތްކުރަމުން ވާހަކަދެއްކިއެވެ.

“އަޅޭ! ހާދަ ދެރައޭ… އަހަންނަށް ނުވެސް ފެނުނު… އަހަރެން ވެސް މިހާރު އޭނާ ބަލާލާ ހިތުން… މާދަން ދުއްވާލަން ދަނިކޮށް އޭނާ ފެނިދާނެކަންނޭނގެ”

“ލުހާ… އިޓްސް ނޮޓް އީޒީ… އޭނާ ބޭނުމެއްނުވޭކަންނޭނގެ ފެންނާކަށް” މާޔޫސްކަމާއެކު ޔަލާ އައިސް އެނދުގައި އިށީނެވެ.

“އޭގެ މާނައަކީ ޔާލް އޭނާގެ މަތިން ހަނދާންނައްތާލަން ބޭނުންވަނިއްޔޭތަ؟” ލުހާ އައިސް ޔާލާގެ ކުރިމަތީ އޭނާގެ ފައިގައި ދެއަތް އަޅުވައިލަމުން އުޑުފައިން އިށީނެވެ.

“އެތަނަށް އެނބުރި ދިއުން ނޫން ގޮތެއްނެތް… ޔަޤީނުން ވެސް އެމީހުންނަކީ އަހަރުމެން އުޅޭހެން އުޅޭބައެއް… ގޭތެރޭގައި ބޭނުންކުރާ ސާމާނު ވެސް ހުރީ އަހަރުމެންގެ ގޭގޭގައި ފެންނަ ކަހަލަ އެއްޗެހި… އަހަންނަށް ގޮތެއް ހަދާކަށް އެމީހުންނަކަށް ކެރޭނެއެކޭ ހިތެއް ނުބުނޭ… އެހެންނޫންނަމަ އެރޭ ގެއްލިގެން އެގެއަށް ދެވުނީމާ އަނބުރާ ގެއަށް ފޮނުވައިދޭންވީ ކީއްކުރަން. އެގޭ އަންހެން މީހާ ނުބައި މީހެއް ފާޑު ޖެހިޔަސް ޒާލް ހުންނާނެއެއްނު” ވަރަށް ވިސްނަން އިނދެފައި ޔަލާ ބުނެލިއެވެ.

“ރޭގަނޑު ގަސްތަކުތެރެއިން ޔާލްއަށް އެނގޭނެތަ ދާން” ލުހާ ހައިރާންވިއެވެ.

“ކާކުތަ ބުނީ ރޭގަނޑޭ ދާނީ… އަހަރެން ދާނީ ދުވާލުގަޑީގައި… ގޮސްފައި އިރުއޮއްސެންވާއިރަށް އެނބުރި ރަށުތެރެއަށް އަންނާނީ…” ޔަލާއަށް އައި ޚިޔާލުގެ މޮޅުކަމުން އޭނާ އަމިއްލައަށް ނިތްއަރުވާލާފައި ނިކަން ބޮޑަށް ހިނިތުންވެލިއެވެ.

* * * *

ހަފްތާއެއް ފާއިތުވެ ދިޔައިރު ޔަލާއަށް ޒާލް ނުފެނުނެއްކަމަކު ސައިކަލު ދުއްވަން ދަސްވެއްޖެއެވެ. ޓެސްޓުން ފާސްވެ އަތަށް ލައިސެންސު ވެސް ލިބިއްޖެއެވެ. ޔަލާ ލައިސެންސް ނަގައިގެން އެނބުރި ގެއަށް އައިއިރު ގޭގެ ދޮރު މަތީގައި ރައްޔާގެ ދެ މަފިރިން ތިބީ ޔަލާގެ ސްކޫޓާރ ހިފައިގެންނެވެ. ޔަލާގެ ފޯނުގެ ބެޓެރި ގެއްލިފައިވުމުން މާލެއިން ސައިކަލު ގެނައި އިރު ޔަލާގެ ފޯނަށް އައު ބެޓެރިއެއް ވެސް ނަވާޒު ގެނެސްދިނެވެ. އުފަލުން ގޮސް އުދުއްސައިގަންނަން ޔަލާ ބޭނުންވިއެވެ.

އަމިއްލަ ސްކޫޓަރުގައި ޔަލާ ހޮސްޕިޓަލަށް އައިސް ސްޓާފުންގެ ޕާކިން ސަރަޙައްދުގައި އޭނާގެ ސްކޫޓަރު ޕާކުކުރަން އުޅުނިކޮށް އެތަނަށް ރީހާން ޕްރައިވެޓް ކާރުގައި އައިސް ވަންތަން ފެނުނެވެ. ކާރު ޕާކުކުރާ ސަރަޙައްދުގައި ރީހާންގެ ކާރު މަޑުކޮށްލުމާއެކު އޭނާ ޔަލާއަށް ތަންކޮޅެއް ބާރަށް ގޮވާލިއެވެ. އެހެންވެ ކުރިއަށް ހިނގައިގަތް ޔަލާ މަޑުކޮށްލިއެވެ.

“ސައިކަލު ދުއްވަން އެނގޭތަ؟” ކުޑަކޮށް ދުވެލާފައި އައިސް ޔަލާއާ އެއްވަރުކޮށްލާފައި ރީހާން އަހާލިއެވެ.

“ރަށަށް އައިސް ދަސްކުރީ… ގެއިން ހޮސްޕިޓަލަށް އަންނަން އެހާ ދުރު…” ޔަލާ ބުނެލިއެވެ. އަދި ރީހާންއާއިއެކު ހިނގައިގަތެވެ.

“ޑޮކްޓަރުންގެ ބާބެކިޔުއަށް ޔަލާ ދަންތަ؟” ރީހާން އަހާލިއެވެ.

“އަދި ވަކިގޮތެއް ނުނިންމަން… ތަންކޮޅެއް ދަން ގަޑިއެއްވީމާ…”

“ޔަލާގެ ފުރަތަމަ ބާބެކިޔުއެއްނު މީ… އަހަރެން ދަންތަ ޔަލާ ބަލާ، އޭރުން ބާބެކިޔު ނިންމާފައި އެކަނި ދާކަށް ނުޖެހޭނެއެއްނު” ރީހާން ބުނެލިއެވެ. އޭނާ ޔަލާއާ މިނިވަންކަމާއެކު ވާހަކަދައްކާލަން ބޭނުންވިޔަސް ހޮސްޕިޓަލުގެ ތެރޭގައި އެ ދެމީހުންނަށް އެ ފަދަ ފުރުޞަތެއް ނުލިބެއެވެ. ޚާއްޞަކޮށް ރީހާންގެ މަޤާމުގެ ގޮތުންނެވެ. އަނެއްކޮޅުން ހޮސްޕިޓަލުން ބޭރުން ބައްދަލުކުރާހާ ޔަލާއާއި ރީހާން ގާތެއްނޫނެވެ. ޔަލާ ފެނުނީއްސުރެން އޭނާއާ މެދު ރީހާންއަށް ޚިޔާލު ކުރެވެންފެށުނެވެ. އެ އަންހެންކުއްޖާއާ ބެހޭ ކަންކަން އެނގެން އޭނާ ބޭނުންވެއެވެ. އެހެންވެ އެފަދަ ފުރުޞަތެއް ޑޮކްޓަރުންގެ މެދުގައި ބާއްވާ ބާބެކިޔުގެ ސަބަބުން ފަހިވެގެން ދާނޭކަމުގެ އުންމީދު ރީހާން ކުރިއެވެ.

“ރީހާންއަށް އުނދަގޫނުވަންޏާ އެންމެ ރަނގަޅު” ޔަލާ ހިނިތުންވުމެއް ބަދަލުކޮށްލިއެވެ.

ހެނދުނުގެ ޑިއުޓީ ނިމުނީ މެންދުރުފަހުއެވެ. މޫސުމަށް އަންނަ ބަދަލުގެ ސަބަބުން ވައިރަލްތައް ރަށުގައި ގިނަ ދުވަސްވަރެކެވެ. އެހެންވެ ހޮސްޕިޓަލު ތެރޭގައި އާންމުކޮށް ފެންނަ ވަރަށްވުރެ ޑޮކްޓަރަށް ދައްކަން އައިސް ތިބި މީހުން ގިނައެވެ. ޔަލާ ޑިއުޓީ ނިންމާފައި ނިކުންނަން ދަނިކޮށް ސިތާރާ ގޮވާލި އަޑުއިވިގެން ފަސް އެނބުރި ބަލާލިއެވެ. އޭރު ބޭސް އަތުރާފައި ހުރި ޓްރޯލީއެއް ހިފައިގެން ސިތާރާ ހުއްޓެވެ. އޭނާ އެ ދަނީ ވޯޑަށްކަން ޔަލާއަށް އެނގުނެވެ. އެހެންވެ ސިތާރާ އައުމުގެ ކުރިން އޭނާގެ ގާތަށް ޔަލާ އަތުވެއްޖެއެވެ.

“ޑިއުޓީ ނިންމާފަ ދާން މިދަނީ، އަދި މިރޭ އެބައޮތޯ ބާބެކިޔުއެއް… ސިތާރައްތަ މެންދުރުފަސް ޑިއުޓީ ދޯ” ޔަލާ އައިސް ހުއްޓުނު ގޮތަށް ސިތާރާއާ ވާހަކަދައްކަން ފެށިއެވެ.

“އާން! އަޑުއެހީމޭ ބާބެކިޔުގެ ވާހަކަ… މުޅިން ސަކަރާތެއްނު… ދެ މީހުން މި ތިބީ ދެ ޑިއުޓީ ގަޑިއަކާ ދިމާވެފައި… ކިހިނެއް ކަމެއް ރާވާނީ ވެސް…” ސިތާރާ މާޔޫސް ގޮތަކަށް ބުނެލިއެވެ.

“އެންމެ އަވަހަށް ފްރީވާ އިރަކުން އަހަރުމެން ވެސް ވާނެ ބާބެކިޔުއެއް ރާވާލަން” ޔާލާ ބުނެލިއެވެ.

“އާން! ވާނެ ދޯ!… ދަނީ… ވޯޑަށް ދާން މިދަނީ” ސިތާރާ މިހެން ބުނެފައި ހިނިތުންވެލިއެވެ. ޔަލާ ވެސް ހިނިތުންވެލާފައި ހޮސްޕިޓަލުން ނުކުންނަ ދޮރާ ދިމާއަށް ހިނގައިގަތެވެ.

ސްކޫޓަރަށް އަރާ ޔަލާ ދުއްވާލުމާއެކު އޭނާގެ ޚިޔާލު ބަދަލުވިއެވެ. އެހާ އަވަހަށް ގެއަށްދާކަށް އޭނާ ބޭނުމެއްނުވިއެވެ. އެހެންވެ ހަނދާނުގައި ކުރެހިފައިވާ ފުސް މަންޒަރުތަކަށް ބާރުލަމުން އެ ސަރަޙައްދުތައް ވަކިކުރަން އޭނާ މަސައްކަތް ފެށިއެވެ. ތިން ހަތަރު ފަހަރު އެއް ހިސާބެއްގައި އެނބުރި އެނބުރިފައި ޔަލާއަށް އޭނާ ދާން ބޭނުންވި މަންޒިލު ފެނުނެވެ.

“މީ ޒާލްގެ ފްރެންޑްމެންގެ… ދެން އެނގޭނެ… އެ ދުވަހު މި ހިސާބަށް އައީ…” އަފްރާޙުމެންގޭ ކައިރީ ސްކޫޓަރުގައި މަޑުކޮށްލައިގެން އިނދެ ޔަލާ އަމިއްލަ ނަފްސާ ވާހަކަދެއްކިއެވެ. އަދި އޭނާ ހަނދާންކުރަމުން ދިޔައީ ޒާލްއާއެކު އޭނާ އެ ހިސާބަށް އައި ގޮތާއި މެދުއެވެ. އެހެން އިންދާ ޖެހިލި މަޑުމަޑު ވައިރޯޅިއަކާއެކު ޔަލާއަށް ހީވީ މީހަކު އޭނާއަށް ދާންވީ ގޮތް ބުނެދިންހެނެވެ. ކުއްލިއަކަށް ހަނދާނުގައިވާ ފުސް މަންޒަރުތައް ސާފުވީ އަޖައިބެއް ފަދައިންނެވެ. ޔަޤީންކަމާއެކު ސައިކަލު ދުއްވާލިއެވެ.

ތާރުއަޅާފައި އޮތް ބޮޑު މަގުން ގަސްތަކުގެ ތެރެއަށް ފޭބެން އޮތް ދިމާއަކަށް ޔަލާ އައެވެ. އަދި އެތަނުގައި ސައިކަލު ބަހައްޓާފައި ގަސްތަކުގެ ތެރެއަށް ދިއުމަށް ހެދިފައި އޮތް މަގަށް ޔަލާ ބަލާލިއެވެ. އެއީ ޒާލް އޭނާ ގޮވައިގެން ނުކުތް މަގެވެ. އެކަމަކު ހައިރާންވީ އެތަނަކާ މެދު އޭނާ ވިސްނާވިސްނާ ވެސް ހަނދާނަށް ނައިތަނެއް ކުއްލިއަކަށް އެނގުނީމައެވެ. ވަށައިގެން ދެފަރާތަށް ބަލާލާފައި މަޑުކޮށްލިއެވެ. އެހިނދު އަނެއްކާ ވެސް މަޑުމަޑު ވައިރޯޅިއެއް ޖެހިލިއެވެ. ނަމަވެސް މިފަހަރު ޔަލާއަށް އިހުސާސްވީ އޭނާގެ ވައަތްފަރާތުގައި އެއްޗެއް ޖެހުނު ހެންނެވެ. ވައިރޯޅީގެ އަސަރު މުޅި ހަށިގަނޑަށް ކުރުމުގެ ބަދަލުގައި އެ ފިނިކަން އިހުސާސްވީ ހަމައެކަނި ވައަތްފަރާތަށް އެކަންޏެވެ. އެހެންވެ އެއްފަރާތަށް ޖެހިލުމާއެކު ޔަލާ ކަނާތުން ވައަތުގެ ކޮނޑުމަތި ފޮޅާލިއެވެ. އަދި ވަށައިގެން ހުރި ގަސްތަކަށް ބަލާލުމާއެކު ފުންނޭވާއެއް އޭނާ ލިއެވެ. ދެ ޚިޔާލެއްގައި ހުރެ ވެސް މަޑުމަޑުން ޔަލާގެ ފައި ކުރިއަށް އަޅާލިއެވެ. ފިޔަވަޅަކަށްފަހު ފިޔަވަޅެއް ކުރިއަށް އޭނާ ދިޔައެވެ.

މީހަކު ޔަލާއަށް މަގު ދައްކަމުން އޭނާ ގެންދާ ކަހަލައެވެ. ކުރިއަށް ދިޔައީ ޔަޤީންވެ ހުރެގެންނެވެ. އެހެންނަމަވެސް އެއީ ކޮން ކަހަލަ ޔަޤީންކަމެއްކަން ޚުދު ޔަލާއަކަށް ވެސް ނޭނގެއެވެ. ފަހަރެއްގައި އަމިއްލަ ޟަމީރު އޭގެ އަމިއްލަ އެދުން ފުއްދުމަށްޓަކައި ބޭއިޚްތިޔާރުގައި މަސައްކަތް ކުރަނީ ކަންނޭނގެއެވެ. ކުދިކުދި އޮފިކޮޅުތައް އަތުން އެއްފަރާތް ކުރަމުން އުނަގަޑާ ހަމައަށް ހެދިފައި އޮތް ވިނަފާޑުގެ ގަސްތަކުގެތެރެއިން ޔަލާ ކުރިއަށް ދިޔައެވެ. އޭނާއަށް ހިނގުނީ ކިހާ އިރަކު ކަމެއް ކިހާ ދުރުމިނަކަށްކަމެއް ނޭނގެއެވެ. ހިނގުމަށް ހުއްޓުން އެރީ ކަޅުކުލައިގެ އުސްކޮށް ހަދާފައިވާ ދަގަނޑު ފެންސު ފެނުމުންނެވެ. އެއާއެކު ޔަލާއަށް އޭނާގެ ވިސްނުމުގެ މައްޗަށާއި ޟަމީރުގެ މައްޗަށް ބާރު ފޯރުވުމުގެ އިޚްތިޔާރު ލިބިގެން ދިޔަ ކަހަލައެވެ.

“އޯ މައި ގޯޑް… އޯ މައި… ގޯޑް… ހަމަ އެ ގެ…. އަހަންނަށް އަންނަން އެނގޭނެ ކަމަކަށް ކުޑަކޮށް ވެސް ހީނުކުރަން… އެކަމަކު…. އަހަރެން ފެނުމުން ޒާލްއާއި އެނާގެ މަންމަ ރުޅި ވެސް އަތުވެދާނެ… ދެން ކިހިނެއް ހަދާނީ… ކުރިއަށް ދާންވީބާ…” ޔަލާއަށް ހަދާނޭ ގޮތެއް ނޭނގިފައި ޚިޔާލުގެ ތެރެއަށް ގެއްލި ހުރެވުނެވެ. އެހެން ހުއްޓާ ކުއްލިއަކަށް ގޭގެ މައިދޮރުން މީހަކު ނުކުތެވެ. އިސްކޮޅާއި ރޫފައަށް ބަލާއިރު ޒާލްއާ ތަފާތެވެ. ހަށިގަނޑުގެ މަސްތައް ވަރުގަދަވެފައި ބޮލުގެ އިސްތަށިގަނޑު ދިގެވެ. ނަމަވެސް ސާފުބޯޑު ހިފާލައިގެން އައިސް ގޯތިތެރޭގައި ހުރި ފެންގަނޑު ފެންނަ ހިސާބުގައި އެ ޒުވާނާ މަޑުކޮށްލިއެވެ. އަދި އެތަނުގައ ހުރި އެއްޗަކަށް ސާފުބޯޑު ޖަހާލުމާއެކު އެނބުރި ގޭތެރެއަށް ވަންނަން ދިޔައެވެ.

“ޒާލް… އެއީ ޒާލްބާ؟ އެކަމަކު ހާދަ އަވަހަކަށް ބޯދިގުކޮށްލާފައި އެ ހުރީ… ބޮޑީ ބިލްޑްކުރަނީ ކަންނޭނގެ… އެހާ ވަރުގަދަ ފާޑު ވެސް ޖަހާ…” އެއްފަރާތެއްގައި ހުރި ބޮޑު މަދުގަހެއްގެ ނިވަލަށް ވަދެހުރެ ޔަލާ އަމިއްލަ ނަފްސާ ވާހަކަދެއްކިއެވެ. އެހިނދު ކުއްލިއަކަށް ގަސްގަނޑުގެ މަތީ ގޮފިތަކެއް ތެޅިގަތުމާއެކު ޔަލާ ސިއްސައިގެން ދިޔައެވެ. ގަހުގެ ނިވަލުން ނުކުމެ މަދުގަހުގެ މައްޗަށް ބަލާލިއެވެ. ވައިރޯޅިއެއްގެ އަސަރެއް ނުކުރާއިރު ގަސްގަނޑު އެވަރަށް ތެޅިގަތުމުން ޔަލާ ހައިރާންވިއެވެ. އެހެންނަމަވެސް އޭނާ ބަލަން ހުއްޓާ ކުއްލިއަކަށް ގަހުގެ މަތިން ވައުތަކެއް އުދުހިގަތްތަން ފެނުނެވެ. އެއާއެކު ފުންނޭވާއެއްލާފައި ހިނިތުންވެލިއެވެ. އޭރު އޭނާއަށް ހުރީ އެ ގޭގެ ގޯތިތެރޭގައި މީހަކު ހުރިނަމަ އެ މީހަކަށް ފެންނަ ހިސާބަށް ނުކުމެވިފައެވެ.

“އޯ ނޯ! އިރުއޮއްސެންވާއިރަށް ގެއަށް ދާންޖެހޭނެ… ހަތަރުގަޑި ބައިވަނީ… މިތާ ހުއްޓަކަސް ކަމެއްނުވާނެ… ހިތްވަރުކޮށްފައި ދިޔައީމާ ކަމެއްވާނީ…” ޔަލާ އަމިއްލަ ނަފްސަށް ވިސްނައިދެމުން ކުރިއަށް ހިނގައިގަތީ ނިކަން ހަރުކޮށެވެ.

ފެންސުގެ ގޭޓާ އަރާ ހަމަވިތަނާހެން ގޭތެރެއިން ކުރިން ވެސް ނުކުން ޒުވާނާ ނުކުމެގެން އަންނަތަން ޔަލާއަށް ފެނުނެވެ. ވަކި ހިސާބަކަށް އައުމާއެކު އެ ޒުވާނާ ކުއްލިއަކަށް ހުއްޓި ޔަލާއާ ދިމާއަށް ބަލަން ފެށިއެވެ. ނަމަވެސް ޔަލާއަށް އެ ޒުވާނާގެ މޫނު ވަކިވާގޮތެއް ނުވިއެވެ. އޭނާގެ ކޮނޑަށްވުރެ ތިރިއަށް ދިގުކޮށްފައިވާ އިސްތަށިގަނޑު އޮތީ ހޭވިގެން ގޮސް މޫނު ނުފެންނަ ވަރަށް ކުރިމައްޗަށް ފައިބާފައެވެ.

“ހާއި…. ޒާލް….” ހަދާނޭ ގޮތެއް ނޭނގި ނޭވާ ހިފަހައްޓާލައިގެން ހުރެ އެއްއަތް ހޫރާލަމުން ތޫލި އަޑަކުން ޔަލާ ބުނެލިއެވެ. އެ ޒުވާނާ ބަލާކަން އެނގުމުން ޔަލާ ހާސްވާގޮތްވީއެވެ. އެއީ ޒާލްއަށް ވެއްޖެއްޔާ ރުޅި އައިސްގެން އޭނާ ދަމާފައި އެތަނުން ގެންގޮސްދާނެއޭ ވެސް ޔަލާއަށް ހީވީއެވެ. ނަމަވެސް އެ ޒުވާނާ އިރުކޮޅަކު ބަލަން ހުރުމަށްފަހު އިސްޖަހާލިއެވެ. އަދި މަޑުމަޑުން ގޮސް ސާފުބޯޑުކައިރީ ހުއްޓިލިއެވެ. އަދި އޭނާގެ އަތުގައި ހުރި ސާމާނުތައް ބުރިބުރިކޮށްފައި ކައިރިކައިރީގައި ބަހައްޓާފައި ހުރި ރުއްބުޑުތަކުގެ މަތީ ބަހައްޓަމުން ދިޔައެވެ. އެއީ ރަނގަޅު ފާލެއްކަމުގައި ޔަލާ ދުށްޓެވެ.

“ވާއު! އެމޭޒިން… ޒާލްއަށް ކުރަހަން ވެސް އެނގޭތަ؟” ގޭޓުގެ ބަދަލުގައި ފެންސުގެ ތޭރިތަކުން ތޭރިއެއްގެ ދޭތެރެއިން ދެމިގަނެގެން އައިސް ބުނެލިއެވެ. ދެން ވެސް އެ ޒުވާނާ އަނގަޔަކުން ނުބުންޏެވެ. އެހެންނަމަވެސް އޭނާގެ ފޮރުވައިވާ މޫނުގައި ހިނިތުންވުމެއް ވިއެވެ. އަދި ޔަލާއަށް ކަތި ނަޒަރުތައް ދެމުން ދިޔަކަމެއް ޔަލާއަކަށް ނޭނގެއެވެ.

“އެހާ އަވަހަށް އިސްތަށިގަނޑު ދިގުވީތަ؟ ވިގެއް ދޯ ތީ… ނޫނީ ތޮތްޕެއްތަ؟ ޒާލް… ޔޫ އަރ ޓްރޫލީ ގިފްޓެޑް… ނާހާނަންތަ އަހަރެން އައީ ކީއްކުރަންތޯ… މިހިސާބަށް އަންނަން އެނގުނީ ކިހިނެއްތޯ ވެސް ނާހާނަންތަ؟” އުނަގަނޑުގެ ދެފަރާތުން އަތްވިއްދާލައިގެން ޔަލާ ބަލަން ހުރީ އޭނާ އެވަރަށް ވާހަކަދައްކާއިރު ވެސް ޒާލްގެ ފަރާތުން ޖަވާބެއް ނާންނާތީއެވެ.

“ރުޅި އައިސްފަތަ ތިހުރީ… ނާންނައްޗޭ ބުނީމާ ވެސް އައީމަ ދޯ… އައި އެމް ސޮރީ… އަހަރެން…” ޔަލާއަށް އޭނާގެ ވާހަކަ ފުރިހަމަ ނުކުރެވެނިސް ކުއްލިއަކަށް އޭނާގެ ގާތުގައި ހުރި ޒުވާނާ ޔަލާގެ އަތުގައި ހިފާ ސާފުބޯޑުގެ ނިވަލަށް ކޮށްޕާލި ގޮތުން ޔަލާގެ ހިތް ބިރުވެރިކަމުން ފުރިގެން ދިޔައެވެ. ދެ ލޯ ބޮޑުވެ ހަޅޭލަވައިގަންނަން އުޅުނު ވަގުތު އަންހެނެއްގެ އަޑު އިވުނެވެ.

“ޒާލް… ދަރިފުޅުގެ ސައިތަށި ހިހޫވަނީ… ބުނީމެއްނު ތިކަން ކުރާނީ ސައިބޮއެގެންނޭ. ދެން އާދޭ އަވަހަށް ސައިބޯން” ބޯޑުގެ ފަހަތުގައި ފިލާ ހުރި ޔަލާއަށް އެއީ ކާކުގެ އަޑުކަން ދެނެގަންނާކަށް އުނދަގުލެއްނުވިއެވެ. އެގޭގައި އުޅެނީ އެންމެ އަންހެނެކެވެ. އެއީ ޒާލްގެ މަންމަ އެކަންޏެވެ. އެއާއެކު ޒާލްގެ ހަރާކާތް އެހާ އަވަސްވީ ކީއްވެކަން ޔަލާއަށް ވިސްނިއްޖެއެވެ. އަދި ހިނިތުންވެލެވުނީ ޒާލްގެ މަންމައަށް އޭނާ އައިސް އުޅޭކަން ސިއްރުކުރަން ޒާލް ބޭނުންވާކަން އެނގުނީމައެވެ.

“މިދަނީ…” ސިއްރުން ސާފުބޯޑުގެ އެއްފަރާތައް ޖެހިލާ ޔަލާ ބަލާލީ އޭނާއަށް އިވުނު ފިރިހެންވަންތަ ބަރު އަޑުންނެވެ. ޒާލްގެ އަޑު ވެސް ބަދަލުވީބާއޭ ޔަލާގެ ހިތަށް އެވަގުތު އެރިއެވެ. ކުރިން ޒާލްގެ އަޑު އޭނާއަށް އިވުނު އިރު ތަފާތެވެ.

“މަންމަ އައީމަ ދޯ އަހަރެން ތި ފޮރުވީ” ކުޑަކޮށް މޫނުގެ އެއްފަރާތް ފެންނަ ގޮތަށް ޒާލްއަށް ބަލަން ހުރެފައި ޔަލާ އަހާލިއެވެ. އެއާއެކު އޭނާ ބޯޖަހާލިއެވެ. އެ ހަރަކާތުން ވެސް ޔަލާއަށް ބުނެދޭންނޭނގޭ ހިތްހަމަޖެހުމެއް ލިބިގެންދިޔައެވެ.

“އާދޭ…” ހުވަފެނީ ގޮތަކަށް ޚިޔާލެއްގައި ހުރި ޔަލާއަށް ޒާލް ގޮވާލިއެވެ. އެއާއެކު ޔަލާގެ އަތުގައި އޭނާ ހިފައިފިއެވެ.

“އަހަރެން… ކޮންތާކަށް ތި ގެންދަނީ… އަހަންނަށް އެނގޭނެ އެނބުރިދާން… ޒާލް…” ޔަލާ އަވަސްއަވަހަށް ވާހަކަދެއްކިއެވެ. އޭނާއަށް ހީވީ ޒާލް އޭނާ އެހިސާބާ ދުރަށް ގެންދަން އުޅެނީ ކަމުގައެވެ. ނަމަވެސް ކުއްލިއަކަށް ޔަލާގެ އަޑު ކަނޑައިގެން ދިޔައީ އޭނާއަށް މި ދެވެނީ ގެއާ ދިމާއަށްކަން އެނގުނީމައެވެ. ނަމަވެސް މައިދޮރުން ޔަލާ ވެއްދުމުގެ ބަދަލުގައި ގޭގެ އެއްފަރާތުގައި ބާއްވާފައި އޮތް ހަރުގަނޑެއް ނަގައިގެން ގެނެސް މަތިން ފެންނަ ހުރި ކުޑަދޮރަކާ އަމާޒުކޮށްފައި އެ ހަރުގަނޑުން އެރުމަށް ޔަލާއަށް ޒާލް އިޝާރާތްކުރިއެވެ.

“އޯ! ދިސް އިޒް ފަން…” ކުޑަކޮށް ހީނލާފައި ޔަލާ ބުނެލިއެވެ. އަދި އަތުގައި އޮތް އަތްދަބަސް ރަނގަޅަށް އަތުގެ މުލައްދަނޑީގައި އަޅުވާލުމާއެކު އަރައިގެން ހުރި ބޫޓު ބޭލުމަށްފަހު ހަރުގަނޑުން އަރަން އުޅުނެވެ. އޭނާ އަރަން އުޅުނު ގޮތް ބަލަން ހުރި ޒާލް ދެފަރާތަށް ބޯހޫރާލަމުން ފުންނޭވާއެއްލީ ޔަލާއަކަށް އެކަމެއް ނުވާނެއޭ ހިތާއެވެ. އެއާއެކު އެންމެ ތިންހަރުފަތް މައްޗަށް އެރިފައި ހުރި ޔަލާގެ އުނަގަނޑުގައި ޒާލް ހިފާލިއެވެ. ސިއްސައިގެން ދިޔަ ޔަލާ ފަހަތަށް ވެއްޓެން ދިޔައެވެ. އެހިނދު ޒާލްގެ ދެއަތުގެ ތެރޭ އޭނާ ބާރަށް ހިފަހައްޓާލިއެވެ. ޔަލާއަށް ވެސް ބޭއިޚްތިޔާރުގައި ޒާލްގެ ގަމީހުގައި މޭމަތިން ހިފާލެވުނެވެ. އޭރު އެލިފައި އޮތް ކަނާތުގައި ދެ ބޫޓު ކިބަ އޮތެވެ. ޔަލާގެ މޫނުގައި ޒާލްގެ ދިގު އިސްތަށިގަނދު ހޭކެމުންދިޔައެވެ. އަނދިރިކަމުގެ ތެރެއިން އެ މޫނު ފެންނަނީ ނުސާފުކޮށެވެ. މަޑުމަޑުން ޒާލްގެ ގަމީހުން ދޫކޮށްލުމާއެކު ޒާލްގެ މޫނުމަތިން އިސްތަށިތައް އެއްފަރާތްކޮށްލިއެވެ. އެއާއެކު ޔަލާގެ މެޔަށް ފިނިވެގެން ދިޔައެވެ. ހީވީ ޒާލްގެ ލޮލުން ނޭނގޭ ސިހުރެއް ޖެއްސި ހެންނެވެ. އެހެންވިޔަސް އެއީ ދެވަނަ މީހެއް ނޫނެވެ. އެއީ ޒާލްއެވެ. އެހެންނަމަވެސް އެ ލޮލުން އެހެންކަމެއް ބުނެދޭ ކަހަލައެވެ. އެއީ ކޮންކަމެއްކަން ޔަލާއަށް ދެނެގަންނާކަށް ނޭނގުނެވެ. ހައިރާންވީ ޒާލްއަށް އެހާ ބޮޑު ބަދަލެއް އައިސްފައި ހުރުމުންނެވެ. ލޮލުގެ ކަޅި ދެ ލޮލުގައި ތަފާތެވެ. ވައަތު ލޮލުގައި މަޑު ރަތްކުލައަކަށްދާ ކަޅިއެއް ހުރިއިރު އަނެއް ލޮލުގައިވަނީ ހޭޒެލް ކަޅިއެކެވެ. ޒާލްއާ ފުރަތަމަ ބައްދަލުވި އިރު އެނާގެ ހުރީ ހޭޒަލް ލޮލެކެވެ. ވީއިރު ކުއްލިއަކަށް އެއްލޮލުގެ ކަޅި ބަދަލުވާންވީ ސަބަބެއް ޔަލާއަކަށް ނުވިސްނުނެވެ.

ޔަލާއަށް އެއްޗެއް ނުބުނެވި ޒާލްގެ ތޫނު ނަޒަރަށް ހުއްޓުން އަރާފައި އެ އަތުގެތެރޭ އޮއްވާ ލުއި ފަތްކޮށްޅެއްހެން އޭނާ ނަގާ ޒާލްގެ މެޔާލާ ފިއްތާލިއެވެ. އަދި އެއްއަތުން ޔަލާގެ ހަށިގަނޑުގައި ހިފަހައްޓާލައިގެން ހުރެ ހަރުގަނޑުން އަރަމުންދިޔައެވެ. ކުޑަކޮށް ވެސް ޔަލާއަށް ފެންނަ މަންޒަރުތައް ޤަބޫލެއް ނުކުރެވުނެވެ. އެއްވެސް އުނދަގުލަކާ ނުލާ ޒާލް ހަރުގަނޑުން އަރާ ކުޑަދޮރުގެ ދާރަމަތީ ޔަލާ ބޭންދިއެވެ.

“އަހަރެން އަންނާނަން… މިތާ މަޑުކުރޭ….” ޒާލް ބުނެލިއެވެ.

ޔަލާ ބޯޖަހާލަމުން ކުޑަދޮރުން އެތެރެއަށް ފޭބިއެވެ. އެއާއެކު ޒާލް މަޑުކުރުމެއްނެތި ހަރުގަނޑުގައި ހުރެފައި ފުންމައިލައިފިއެވެ. ކަންބޮޑުވެފައި ޔަލާއަށް އަނގަމަތީ އަތްއަޅާލެވުނެވެ. އެހެންނަމަވެސް މަދު ސުކުންތު ކޮޅެއްގެ ތެރޭ ޒާލް ހުރީ ބިމުގައި ދެ ފައި މައްޗަށެވެ. އޭނާއަށް ކުޑަ ވެސް އަނިޔާއެއް ނުލިބެއެވެ. ހަރުގަނޑު ހިފައިގެން ނިކަން އަވަހަށް އޭނާ ހިނގައްޖެއެވެ.

“ޒާލް… ހޫ އަރ ޔޫ….” އަޖައިބެއް ފެނި ހުއްޓުން އަރާފައި ހުރި މީހަކު ފަދައިން ކުޑަދޮރު ކައިރީ ހުރި ޔަލާ މަޑުމަޑުން ބުނެލިއެވެ.

ކުރިން ނުކުރެވޭ އިހުސާސްތަކެއް ޔަލާގެ ހިތް ވަށާލަމުން ދާކަހަލައެވެ. ބޭއިޚްތިޔާރުގައި ޒާލްގެ ގަމީހުގައި ހިފަހައްޓާލެވުނު އަތަށް ޔަލާއަށް ބަލާލެވުނެވެ. ސިކުނޑީގައި އެތައް ޚިޔާލުތަކެއް އެނބުރިގަތެވެ. ޒާލްއާ ފުރަތަމަ ބައްދަލުވި ދުވަހު ނުކެރެވޭ އިހުސާސްތަކެއް މިއަދު ކުއްލިއަކަށް ކުރެވެންވީ ސަބަބެއް ޔަލާއަކަށް ނުވިސްނުނެވެ. ދަމާ ބާރެއް ކުއްލިއަކަށް ޒާލްއަށް ލިބިފައި ހުރި ކަހަލައެވެ. ނިތްކުރީގައި ދެ އަތުގެ އިނގިލިތައް އަޅާ އޮބާލުމާއެކު ޔަލާ ދެ ލޯ މަރާ ބާރުކޮށްލިއެވެ.

“އަނެއްކާ އަހަންނަށް މި ކުރެވެނީ ރަނގަޅު ކަމެއްބާ؟ ކީއްވެތަ ޒާލް އެހާ ތަފާތީ… އެކަމަކު އެއީ ހަމަ އެ ސިފަ… އެ މޫނު…” ޔަލާ ހަށިފުރާ ނޭވާއެއްލިއެވެ. އޭނާގެ ސިކުނޑީގައި ސުވާލުތައް ވީ ގިނައެވެ. މަޑުމަޑުން ކޮޓަރިތެރެއަށް ނަޒަރު ހިންގާލުމަށް އެނބުރިލި ވަގުތު ކުރިމަތީގައި އިތުރު ކުޑަދޮރެއް ހުއްޓެވެ. އެއީ ހިމަ ދިގު ކޮޓަރިއެކެވެ. އެއްވެސް ތަރުތީބެއް ނެތެވެ. އެނދުގެ ރަޖާގަނޑު ވެސް އޮތީ އެއްފަރާތައް ސޮއްސައިލައިގެން އެއްބައި ވެއްޓިފައެވެ. ކޮޓަރީގެ އެތަން މިތަނުގައިވަނީ ކުރެހުމަށް ބޭނުންވާ ސާމާނުތަކެވެ. އެހެންނަމަވެސް ރީތި ކުރެހުންތަކެއް އެ ކޮޓަރީގައި ހުއްޓެވެ. ޔަލާގެ ތުންފަތުގައި ހިނިތުންވުމެއް ދުވެލިއެވެ. ކުރިމަތިން ފެންނަން ހުރި ކުޑަދޮރު ކައިރީ ސޯފާގޮނޑިއެއް ހުއްޓެވެ. އޭގެ އެއްފަރާތުގައި ބިތުގައި ހަރުކޮށްފައި ފިލާފޮއްޗެއް ހުއްޓެވެ. ހީވަނީ ލިޔާ މޭޒެއް ހެންނެވެ. އޭގެ މަތީ ފޮތެއް ވެސް އޮތެވެ. ކޮޓަރީގައި ހުރި ކުރެހުންތައް ބަލަމުން ކުރިއަށް އައި ޔަލާގެ ލޮލުގައި އަޅައިގަތީ ކުޑަދޮރު ކައިރީ ހުރި ގޮނޑިއަށް އަމާޒުވާ ގޮތަށް ހުރި ކުރެހުމެވެ.

“ދެޓްސް މީ… ޒާލް…” ކުރެހުމަށް ގެއްލިފައި ހުރެ ޔަލާއަށް ބުނެލެވުނެވެ. ކުރިއަށް ޖެހިލެވުމާއެކު ޔަލާގެ ކަނާތުގެ އިނގިލިތައް ކުރެހުމުގައި ބީއްސާލިއެވެ. އޭނާއަށް ޤަބޫލުކުރަން ދަތިވިއެވެ. ފަހަތަށް ޖެހެމުން ގޮސް ގޮނޑީގައި ޖެހުމުން އޭގައި ޔަލާ އިށީނެވެ. ދެން ވެސް އޭނާއަށް ބެލެނީ ކުރިމަތީ ހުރި ކުރެހުމަށެވެ. އެއީ އޭނާ އެގޭގައި ހޭދަކުރި ރޭގެ ހަނދާންތަކެވެ. ޒާލް އެ ހަނދާންތައް އެ ފަދަ ގޮތަކަށް ރައްކާކޮށްފާނެކަމަކަށް ޔަލާ ހިޔެއްނުކުރެއެވެ. ހުރިހާ ކުރެހުމުގެ ތެރެއިން ޔަލާއަށް އެންމެ ކަމުދިޔައީ ފެންގަނޑުގެ ތެރެއަށް ޔަލާ ގެނބެމުންދަނިކޮށް ފެންގަނޑުގެ މަތިން އަތެއް ދިއްކޮށްލާފައިވާ ކުރެހުމެވެ. އެހާ ތަފްސީލުކޮށް ކުރަހަން ޒާލްއަށް އެނގުނީ ކިހިނެއްކަމާމެދު ޔަލާ ސުވާލު އުފެދުނެވެ. އަނެއްކޮޅުން އޭނާގެ ހިތް އެހެން ވާހަކައެއް ވެސް ބުނަން ފެށިއެވެ. ޔަލާގެ ހިތާ އެ ކުރެހުންތައް ވާހަކަދައްކާ ކަހަލައެވެ.

ދޮރުހުޅުވާލި ތަނާ ޔަލާ ދިޔައީ ސައްސައިގެންނެވެ. އެހެންނަމަވެސް ކޮޓަރިއަށް ވަން ޒާލް ފެނުމުން ޔަލާ އަލުން އިށީނެވެ. ޒާލް އައިސް އޭނާގެ އެނދުގައި އިށީނެވެ. ހީވަނީ ބުނާނެ އެއްޗަކާ މެދު އޭނާ ވެސް ވިސްނަނީ ހެންނެވެ.

“އެރޭ ފެންގަނޑުން އަހަރެން ސަލާމަތްކޮށްދިނީ ޒާލް ދޯ” ޔަލާ އަހާލިއެވެ. އެއާއެކު އެނދުގައި އިން ޒާލް ބޯޖަހާލިއެވެ.

“ދެން ކީއްވެ އެ ދުވަހު އަހަރެން ގެއަށް ލާން ދިޔައިރު އެހީމަ ނުބުނީ އެއްވެސް އެއްޗެއް” ޔަލާ އިނީ އެތައް ކަމެއް އެނގެން ބޭނުންވެފައެވެ.

“ޔަލާ…” ޒާލް ގޮވާލުމުން ޔަލާއަށް ގާތް ކަމެއް އިހުސާސްވެގެން ދިޔައެވެ.

“އަހަންނަށް… ކިޔަނީ ޒަލަފް… ޒަލަފް….” ޒަލަފް އޭނާ އަމިއްލައަށް ތަޢާރަފް ވެލިއެވެ.

“ޒާލްއެއް ނޫންތަ ކިޔަނީ؟” ޔަލާ އަހާލިއެވެ.

“އެއީ މަންމަ ކިޔާ ގޮތް… ޔަލާ ފެނުނީމަ އަހަރެން ވަރަށް އުފާވި. އެކަމަކު މަންމަ ރުޅި އަންނާނެ ޔަލާ އައީމަ…” ޒަލަފް ވާހަކަދެއްކީ މަޑުމަޑުންނެވެ.

“އެހެންވިޔަސް މިއައީނު… ޔޫ ސޭވް މައި ލައިފް. ސޯ ތެންކިޔު ސޯ މަޗް… އަހަރުމެން ދެ މީހުންނަށް ރައްޓެހިންނަކަށް ނުވެވޭނެތަ؟” ޔަލާ ހިނިތުންވެލިތަން ޒަލަފްއަށް ފެނުނެވެ.

ޔަލާގެ އެކުވެރިކަން ޤަބޫލުކުރަން ޒަލަފް ބޭނުންވެއެވެ. އެހެންނަމަވެސް އޭނާއަށް އެކަމަށް ހުރަސް އަޅާ އެހެން ކަންތައްތަކެއް އެބަހުއްޓެވެ. އެންމެ ފުރަތަމަ ބަޔަކީ އޭނާގެ ޢާއިލާއެވެ. އެމީހުން އެއްގޮތަކަށް ވެސް ޔަލާ އެގެއަށް އަންނާކަށް ޤަބޫލެއްނުވާނެއެވެ. އަނެއްކޮޅުން ޔަލާއާއިއެކު އެގެއިން ބޭރަށް ނުކުންނާކަށް ހުއްދައެއް ވެސް ނުދޭނެއެވެ. ޒަލަފްގެ މަންމަ ބުނަމުން އަންނަނީ އޭނާއަކީ ވަރަށް ޚާއްޞަ ކުއްޖެއްކަމުގައެވެ. އެހެންވެ އާންމު އެހެން އިންސާނުންގެ ތެރޭގައި އޭނާއަކަށް ނޫޅެވޭނެކަމުގައެވެ. އެކަމަކު އެއީ ކިހިނެއްކަމެއް ޒަލަފްއަކަށް ނޭނގެއެވެ. އެކަހެރި ދިރިއުޅުމަކަށް ހޭނިފައި ހުއްޓެއްކަމަކު ޔަލާ ފެނުނު ފަހުން ޒަލަފްގެ އަނދިރި ދިރިއުޅުން ހުޅުދާންވެގެން ހިނގައްޖެއެވެ. ދުނިޔޭގެ ކަންކަމާމެދު ދެކޭ ގޮތް ތަފާތުވެއްޖެއެވެ. އިހުސާސް ކުރެވޭގޮތް ތަފާތުވެ މޭގައިވާ ހިތުގައި އައު ވިންދެއް ޖަހަންފަށައިފިއެވެ. އޭނާގެ ޟަމީރު މަޑުން ހުންނާކަށް އެއްބަހެއްނުވެއެވެ. ބޭނުންވަނީ ޔަލާއާއެކު ވާށެވެ.

“ޒަލަފް…” އިސްޖަހާލައިގެން ވިސްނުމުގެ ތެރެއަށް ގެއްލިފައި ޒަލަފް އިންނަތާ ގިނައިރުވެގެން ޔަލާ ގޮވާލިއެވެ.

“އަހަރެންގެ އެކުވެރިއަކަށް ޔަލާ ވާނަންތަ؟” ޒަލަފް އަހާލިއެވެ.

“އާން! ޒާލް ދުށުމަށްޓަކައި މިއަދު މިއައީ… އެނގޭ ޒާލްގެ މަންމަ ރުޅި އަންނާނެކަން ވެސް، އެކަމަކު ރޭގަނޑު ނުކުރޭނެ މިހިސާބަށް އަންނާކަށް، ދުވާލުވީމަ މިއަދު ވެސް ހިތްވަރު ލިބުނީ. ހިތަކަށް ނާރާ މިހިސާބަށް އަންނަން އެނގޭނެއެކޭ”

“އަހަރެން… އަހަރެން ވެސް ހިތަށް އަރާ ޔަލާ އަންނާނެނަމައޭ…” ޔަލާއާ ދިމާއަށް ބަލަން އިނދެ ޒަލަފް އޭނާގެ އަމިއްލަ ހިތާ ވާހަކަދެއްކިއެވެ.

“ޒާލް… ވާހަކައެއް އަހާލަންތަ؟ ކިހިނެއްވެފައި ތިހުރީ؟ އިސްތަށިގަނޑު ވެސް ދިގުކޮށްލާފައި، ތުނބުޅިވެސް ނުބާލަނީތަ؟ ހީވަނީ މިއިން ދުވަހަކު ފެންނުވަރާ ހުރިހެން… އަނެއްކާ ބަލިވެތަ ތިއުޅެނީ…”

“ޔަލާއަށް ކަމުދަނީ ކިހިނެއް ހުރީމަ؟” ޒަލަފް އަހާލިއެވެ. އޭނާއާ ހަތަރުކަޅި ހަމަކޮށްގެން ވާހަކަދެއްކުން ޔަލާއަށް ފަސޭހަކަމަކަށް ނުވިއެވެ. އެ ތޫނު ނަޒަރު ސީދާވާ ކޮންމެ ފަހަރަކު ޔަލާގެ މޭ ތޮރުފާލާ ކަހަލައެވެ. ހިތުގެ ވިންދު އަވަސްވެއެވެ.

“ތިހެން ހުރީމަ ވެސް ހުތުރީކީ ނޫން… އެކަމަކު ކުރިން ފެނުނު އިރު ޒާލް ހުރީ ވަރަށް ޑީސަންޓުކޮށް… ނޫންތަ؟ ކުއްލިއަކަށް ތިހާ ބޮޑު ބަދަލެއް އައިސްފައި ހުރިތަން ފެނުނީމަ ވަރަށް އަޖައިބުވި…”

“ދެން ފެންނާނީ އެހެން ހުއްޓާ… އޭރުން އުފާވާނެތަ؟” ޒަލަފް އަހާލިއެވެ. އޭނާގެ ސުވާލުން ޔަލާ ރަކިވާގޮތްވިއެވެ. ލުއި ހިނިތުންވުމަކާއެކު ޔަލާ މަޑުމަޑުން ބޯޖަހާލިއެވެ. އެހިނދު ފުރަތަމަ ފަހަރަށް ޒަލަފްގެ ފަރާތުން ހިނިތުންވުމެއް ޔަލާއަށް ފެނިގެންދިޔައެވެ.

“މީ ޒާލް ކުރަހާފަތަ؟” ޔަލާގެ ކުރިމައްޗަށް ވާގޮތަށް ހުރި ކުރެހުމަށް އިޝާރާތްކުރަމުން އަހާލިއެވެ. އެއާއެކު ޒަލަފް ބޯޖަހާލިއެވެ.

“އަހަންނަށް ދޭންވީނު…” މައުނަވީ ބަލާލުމަކުން ޒަލަފްއަށް ބަލާލަމުން ޔަލާ އަހާލިއެވެ.

“ޔަލާގެ ހަނދާނަކަށް އަހަރެންގެ އަތުގައި މި ކުރެހުން ބާއްވަން ބޭނުން” ސީދާ ނުދޭނަމޭ ޒަލަފް ނުބުންޏަސް ޔަލާއަށް ޖަވާބު ލިބުނެވެ.

ޒަލަފްއާއި ޔަލާގެ ދެމެދުގައި އެއްވެސް ވާހަކައެއް ނުދެކެވި ހިމޭންކަމުގެ ވަގުތުކޮޅެއް ދިޔައެވެ. އެހެންނަމަވެސް ދެ މީހުންގެ ނަޒަރު ސިއްރުން އެކަކު އަނެކަކުގެ ހިތުގެ އިހުސާސްތައް ދެނެގަންނަން މަސައްކަތް ކުރަމުން ދިޔައެވެ. އެންމެފަހުން ޔަލާ ސިއްސައިގެން ދިޔައީ އޭނާގެ ފޯނު ރިންގުވި އަޑަށެވެ. އަވަސްއަވަހަށް ފޯނު ނަގާ ބަލާލުމާއެކު ކަންފަތުގައި ޖައްސާލަމުން ވާހަކަދައްކަންފެށިއެވެ. އޭނާއަށް ގުޅީ ޞާބިރާއެވެ. ޑިއުޓީ ނިންމާފައި ގެއަށް ނައިސް ލަސްވެގެންނެވެ. ނިކަން އަވަހަށް މިދަނީ ކަމުގައި ޔަލާ ބުނެ ފޯނުކޯލު ކުރުކޮށްލިއެވެ.

“އެ ގުޅީ މަންމަ… ލަސްވެގެން… އިރުއޮއްސުމުގެ ކުރިން ހިނގައިގަނެގެން މިތަނުން ނުކުންނަން އެނގޭނީ” ޔަލާ ކުޑަކޮށް ހިނިތުންވެލައިގެން ހުރެ ޒަލަފްއަށް ބަލާލަމުން ބުނެލިއެވެ. އެއާއެކު ޒަލަފް މަޑުމަޑުން ބޯޖަހާލީ ޔަލާއާ އެއްބަސްވަމުންނެވެ.

“މަންމަވީ ކޮޓަރީގައި… މިހާރު ދަނިކޮށް މަންމައަށް ނުފެނި ގެއިން ނުކުމެވޭނެ” އެނދުން ތެދުވެލަމުން ޒަލަފް ބުނެލިއެވެ.

ޒަލަފްގެ ކޮޓަރިން ނުކުންނަމުން އަދިވެސް އެއްފަހަރު އެ ކޮޓަރީގެ ތެރެއަށް ޔަލާ ބަލާލިއެވެ. އަދި މާނަފުން ހިނިތުންވުމެއް އޭނާގެ ތުންފަތުގައި ދުވެލިއިރު އެ ދެ ލޮލުގައި އާދަޔާ ޚިލާފު ވިދުމެއްވިއެވެ. ހިނިތުންވެލައިގެން ހުރެ ތިރީ ތުންފަތުގައި ދަތްއަޅާލުމާއެކު ކުރިއަށްވުރެ ބޮޑަށް އޭނާ ހިނިތުންވެލިއެވެ. އެހިނދު ޒަލަފް އޭނާގެ ކޮނޑުގައި ކޮށްޓާލާފައި ތިރިއަށް އައުމަށް ބުންޏެވެ. ހަޤީޤަތުގައި ޔަލާ އެތަނުން ދާން ބޭނުންވާ ހެނެއް ހިޔެއްނުވެއެވެ. ނަމަވެސް ހުރުމުގެ ހައްޤެއް ވެސް އޭނާއަކަށް ނެތެވެ. އެހެންވެ އިތުރު ގޮތެއް ނެތް މީހަކު ފަދައިން ޒަލަފްއާއެކު ގެއިން ނުކުތެވެ. ގޯތިތެރެއަށް ނުކުމެގެން ފެންސުގެ ގޭޓާ ހަމައަށް ދިއުމުގެ ކުރިން ކުއްލިއަކަށް ޒަލަފް ހުއްޓުނެވެ. އޭނާއަށް ވީ ކިހިނެއްކަމެއް ނޭނގެއެވެ. އަވަސްއަވަހަށް ޔަލާގެ އަތުގައި ހިފައިލައިގެން ގޭގެ ބިއްދޮށް ފަރާތަށް ޒަލަފް އައެވެ.

“ކިހިނެއްވީ؟ މަންމަ އަންނަނީތަ؟” ޔަލާ ސުވާލުކޮށްލިއެވެ. އެވަގުތު ޔަލާގެ އަނގައިގައި ޒަލަފްގެ ކަނާއަތް އަޅާލިއެވެ. އަދި ވައަތުގެ ޝަހާދަތް އިނގިލި އޭނާގެ ތުންފަތުގައި ޖައްސާލުމާއެކު އަޑެއް ނުލެއްވުމަށް އިޝާރާތްކުރިއެވެ. ސިއްރުން ޒަލަފް ބަލަން ހުރިއިރު އޭނާ އެ ބަލަނީ ކާކަށްކަމެއް ޔަލާއަކަށް ނުފެނެއެވެ. ދެތިން މިނެޓު ފަހުން ޒަލަފް އަލުން ޔަލާގެ އަތުގައި ހިފިއެވެ. އަދި އަވަސްފިޔަވަޅުގައި ފެންސުގެ ގޭޓާ ދިމާއަށް ހިނގައިގަތެވެ.

“ދަނީ…” ގޭޓުން ނުކުމެ ޒަލަފްއަށް ބަލާލާފައި ޔަލާ ބުނެލިއެވެ. އަދި އިރުކޮޅަކު މަޑުކޮށްލެވުނީ ޒަލަފް އެއްޗެއް ބުނޭތޯއެވެ. ނަމަވެސް އޭނާގެ ހިމޭންކަމުން ދެނެގަންނަންވީ އެއްޗެއް ޔަލާއަކަށް ނޭނގެއެވެ. ޒަލަފްއަށް ފުރަގަސްދެމުން އޭނާ އެ ގެއަށް އައި ދިމާއަށް ހިނގައިގަތެވެ. ތަންކޮޅަކަށް ދިޔަތަނާ ޔަލާއަށް ޒަލަފް ގޮވާލިއެވެ. އެހިނދު އެ ލިބުނު އުފަލެއް ޔަލާއަށް ވެސް ނޭނގުނެވެ.

“އަދި ބައްދަލުވާނެތަ؟” ނުކެރިފައި ހުރެ ޒަލަފް އަހާލިއެވެ. އަވަސްއަވަހަށް ޔަލާ ބޯޖަހާލަމުން އޭނާގެ ދަބަހުގެ ތެރެއިން ކާޑުކޮޅެއް ނެގިއެވެ. އަދި ޒަލަފްގެ ގާތަށް އެނބުރި އައިސް ގޭޓުގެ ތޭރިތަކުގެ ދޭތެރެއިން އެ ކާޑުކޮޅު ޒަލަފްއަށް ދިއްކޮށްލިއެވެ.

“މީ އަހަރެންގެ ނަންބަރު… ޒާލް ގުޅާލިޔަސް އުނދަގުލެއްނުވާނެ… މިހާރު މި ރައްޓެހިވެވުނީއެއްނު ދޯ” ޔަލާ އެންމެފަހުން ބުނެލި އެއްޗަކާމެދު ޒަލަފް ހައިރާންވެ ވިސްނަން ހުއްޓެވެ. ޔަލާ ކަނާތް އުފުލާލާ ޒަލަފްއަށް “ޓާޓާ” ކިޔާލުމާއެކު ހިނގައިގަތީ ހިނިތުންވެލައިގެން ހުރެއެވެ.

ޔަލާ ދިން ކާޑުކޮޅަށް ބަލަން ގޭޓުގެ ކައިރީ ޒަލަފް މަޑުކޮށްލައިގެން ހުއްޓެވެ. އޭގައިވާ ޔަލާގެ ނަމާއި ފޯނު ނަންބަރު އެތައް ފަހަރަކު ޒަލަފް ކިޔާލިއެވެ. ޔަލާ އެ ދިޔައީ އޭނާއާ ބައްދަލުކޮށްފައިކަން ޤަބޫލުކުރަން ޒަލަފްއަށް ފަސޭހައެއްނުވިއެވެ. ކުޑަކޮށް ވެސް އެއީ ވެދާނެ ކަމެއްކަމުގައި އޭނާ ހިޔެއްނުކުރެއެވެ. ލުއި ހީނލުމަކުން ޒަލަފް ހީނލިއެވެ. ފުރަތަމަ ފަހަރަށް އޭނާއަށް އުފާވެރިކަމުގެ އިހުސާސް ކުރެވުނު ކަހަލައެވެ. ހިނިތުންވާނޭ މަޤުޞަދެއް ލިބުނު ކަހަލައެވެ. ޚިޔާލުގެ ތެރެއަށް ގެއްލިފައި ހުއްޓާ ދިގުވިނަތަކުގެތެރޭގައި މީހަކު އުޅޭ އަޑު އިވިގެން ޒަލަފް އަތުގައި އޮތް ކާޑުކޮޅާ ނަޒަރު ވަކިކޮށްލާފައި ދުރަށް ބަލާލިއެވެ. މީހަކު ފެންނާކަށް ނެތެވެ. ނަމަވެސް ދުރުގައި ހުރި މަދުގަސް ކައިރީ ކަޅު ހިޔަންޏެއް ހުއްޓާ އޭނާއަށް ފެނުނެވެ.

“ޔަލާ…” މަޑުމަޑުން ޒަލަފްއަށް ބުނެލެވުނެވެ. އޭނާ ހީކުރީ ޔަލާ އަދިވެސް ނުދަނީ ކަމަށެވެ. އެހެންނަމަވެސް ބަލަހައްޓައިގެން ހުއްޓާ އެ ހިޔަނި ކުއްލިއަކަށް ގެއްލިއްޖެއެވެ. ހައިރާންވެފައި އެ ދިމާއަށް ބަލަން ހުއްޓާ ޒަލަފްގެ ކަންފަތުގައި ޖެހުނީ ގޭތެރެއިން ނުކުން ޒާލިފްގެ އަޑެވެ.

“ޒަލަފް… ކޮންތާކު ތިއުޅޭނީ؟ މިތާ ބޯޑު ބަހައްޓާފައި ކޮންތާކަށް ދިޔައީ؟ ކޮޓަރި ވެސް ބަލާފައި މިއައީ؟ ގޭޓު ކައިރީ ކީއްތަ ތިކުރަނީ؟” ސުވާލަކަށްފަހު ސުވާލެއް ޒާލިފު ކުރަމުން ޒަލަފްގެ ގާތަށް އައެވެ. އޭނާ އަންނަކަން އެނގިގެން ޒަލަފްގެ އަތުގައި އޮތް ކާޑުކޮޅު އޭނާގެ ޖިންސުގެ ޖީބަށްލާ ފޮރުވިއެވެ.

“ކަމެއް ނުކުރަން… އެތާ މަދު ގަސް ކައިރީ މީހަކު ހުރިހެން ދެންމެ ހީވެގެން” ޒަލަފް މިހެންބުނެ ޒާލިފާ ދިމާއަށް އެނބުރިލިއެވެ. އަދި ގޯތިތެރޭގައި ސާފުބޯޑު ބަހައްޓާފައި ހުރި ދިމާއަށް ޒަލަފް ހިނގައިގަތެވެ. އޭނާ ޔަލާ ގޮވައިގެން ގޭގެ ބިއްދޮށް ފަރާތަށް ދިޔައީ ޒާލިފު އަންނަކަން އެނގިގެންނެވެ. ކުޑައިރުއްސުރެ މީހަކު އަންނަންޏާ އެ މީހަކު ފެނުމުގެ ކުރިން އެއީ ކާކުކަން ޒަލަފްއަށް އެނގެއެވެ. އެހެންވަނީ ކީއްވެކަމެއް އޭނާއަކަށް ނޭނގެއެވެ. ހަމައެއާއެކު ޔަލާއާއި ބައްދަލުވިކަން ސިއްރުކުރަން ޒަލަފް ބޭނުންވެއެވެ. އަދި ޒާލިފާއި ޒަލަފް އެކުގައި ޔަލާއަށް ފެނިއްޖެނަމަ ޒަލަފް ބޭނުންވާގޮތަށް އެއްވެސް ކަމެއް ނުވެދާނެއޭ އޭނާއަށް ހީވަނީއެވެ.

“ނިމެނީ ދޯ މިހާރު…” ސާފުބޯޑަށް ބަލާލަމުން ޒާލިފް ބުނެލިއެވެ. ބަސްމަދުވެފައި ހުރިހެން ޒަލަފް ބޯޖަހާލިއެވެ. އަދި މަސައްކަތް ފެށުމަށް އުޅުނެވެ.

“ޒާލް…” ދޮރުމަތީ ހުރެފައި އަރީޝާ ގޮވާލިއެވެ. އެއާއެކު ދެބެން އެކުގައި މަންމައަށް ބަލާލިއެވެ. އަރީޝާ ފޯނު ހިފައިގެން ހުރެ އިޝާރާތްކޮށްލީ އެތެރެއަށް އައުމަށެވެ. ޒަލަފްއާއި ޒާލިފް އެކުގައި ހިނގައިގަތެވެ.

“ބައްޕަ ގުޅާފައި ބުނީ މިރޭ އަންނާނެ ވާހަކަ” ސޯފާގައި އިން އަރީޝާ ބުނެލިއެވެ.

“ބައްޕަ ދިޔަ ކަންތައް ނިމުނީތަ؟ ކާމިޔާބުވިތަ؟” ޒާލިފް އަހާލިއެވެ.

“އާން! އެކުއްޖާ ރަނގަޅުވެއްޖެ… އެ ގެ ވެސް މައިތިރިކޮށްފަޔޯ އަންނަނީ. އެހެންވެގެންނޯ ބުނީ މިހާ ލަސްވީ. ޒަލަފް. ދަރިފުޅަށް ހަދިޔާ ގެންނަ ވާހަކަ ބައްޕަ ބުނި”

“ކޮންމެ ފަހަރަކު ބައްޕަ ހަދިޔާ ގެންނާނީ ޒަލަފްއަށް” ކުޑަކުއްޖަކުހެން ޒާލިފު ޝަކުވާކޮށްލިއެވެ.

“އަހަރެން ބޭނުމީ…. ފޯނެއް…” އަނގައިން ނުބުނެ އިނުމަށްފަހު ޒަލަފް ބުނެލިއެވެ.

“ކީއްކުރާ ފޯނެއް” އަރީޝާ ހައިރާންވިއެވެ. މިއޮއް ހުރިހާ ދުވަސްވީއިރު ޒަލަފްއަށް ފޯނަކީ މުހިންމު އެއްޗެއް ކަމުގައި ނުވެއެވެ. ޒާލިފާއި އަރީޝާ ފޯނު ހިފައިގެން އުޅުނަސް އެ ފޯނުގައި ޒަލަފް އަތް ވެސް ނުލާނެއެވެ. ވީއިރު ކުއްލިއަކަށް ޒަލަފް ފޯނެއް ބޭނުންވުމުން އަރިޝާގެ އިތުރުން ޒާލިފު ވެސް އިނީ ހައިރާންވެފައެވެ.

“ފޯނުކުރެވޭ ކަހަލަ ފޯނެއް ބޭނުމީ…” ޒަލަފް ބުނެލިއެވެ. އޭނާ އެ ބުނި އެއްޗެއް ޒާލިފަށް އެނގުނެވެ. ސިމްކާޑު ލައްވާފައި އޮތް ފޯނެއް ބޭނުންވެގެންކަން ޒަލަފް އެ އުޅެނީ ޒާލިފަށް އެނގުނެވެ.

“މި ފޯނު ދީފާނަން” ޒާލިފުގެ އަތުގައި އޮތް ފޯނު ޒަލަފްއަށް ދިއްކޮށްލިއެވެ. އެހިނދު ޒަލަފް ދެ ފަރާތަށް ބޯހޫރާލީ އެ ފޯނު ބޭނުންނުވެގެންނެވެ.

ޒަލަފްއަށް ބަލަން އިން އަރީޝާ ހިނިތުންވެލިއެވެ. އަދި ޒަލަފްއަށް ފޯނެއް ގަނެދިނުމަށް ޒާލިފުގެ ގާތުގައި ބުންޏެވެ. ޒަލަފްއަށް ފޯނެއް ލިބުނެއްކަމަކު އޭނާ ގުޅަން ތިބޭނީ އެ ޢާއިލާ މީހުން އެކަނިކަން އަރީޝާއަށް ޔަޤީންވެއެވެ. އެހާ ފަސޭހައިން އޭނާ ޤަބޫލުވީ ވެސް އެހެންވެއެވެ. ޒާލިފާއި ޒަލަފް ތަފާތު ކުރާކަށް އަރީޝާ ބޭނުމެއްނޫނެވެ. ނަމަވެސް އެ ދެބެންނަކީ އެއްސިފައެއްގައި ތިއްބަސް ތަފާތު ދެބެންނެވެ. އެ ތަފާތު ޒަލަފްއަށް އިހުސާސްވިޔަ ނުދިނުމަށް އަރީޝާ ވަރަށް މަސައްކަތްކުރެއެވެ.

“ޒާލިފު ގެންގުޅޭ ކަހަލަ ފޯނެއް ޒަލަފްއަށް ވެސް ހޯދައިދީ… އޭނާ ބޭނުންވާހެން ގުޅޭނޭ ގޮތް ވެސް ހަދައިދޭންވާނެ” އަރީޝާ ބުނެލިއެވެ. މައުސޫމުކަން އެކުލެވިގެންވި އުފާވެރި ހިނިތުންވުމެއް ޒަލަފްގެ މޫނުން ފެނިގެންދިޔައެވެ.

“ކިހާއިރަކު ބައްޕަ ރަށަށް އަރާނީ؟ ބަލާ އައުމަށް ނުބުނޭތަ؟” ޒާލިފު އަހާލިއެވެ.

“ބުނީ ރަށަށް އަރާ ގޮތަށް މިކޮޅަށް އަންނާނަމޯ، ޒާލިފު ފޮނުވާނެކަމެއްނެތޯ… ވެދާނެ ބައްޕަ މާ ހިތްހަމަޖެހިފައި ހުރީ ކަމަށް، އެހެންޏާ ވެސް އިޝާ ނަމާދަށްފަހު އެއްނު ބައްޕަ ގެއަށް އަންނަނީ… ހީވަނީ މިރޭ ވެސް އަންނާނި އެހާ އިރުހެން” އަރީޝާގެ ޚިޔާލު އޭނާ ފާޅުކުރިއެވެ.

އަރީޝާއާއި ޒާލިފުގެ ވާހަކައިގައި ބައިވެރިވުމުގެ ބަދަލުގައި ޒަލަފް ތެދުވެގެން އައީ އޭނާގެ ކޮޓަރިއަށެވެ. އަދި އައިސް އޭނާ ކުރިން އެނދުގައި އިށީނދެގެން އިންތަނުގައި އިށީނދެ ކުޑަދޮރު ކައިރީ ހުރި ގޮނޑިއަށް ބަލާލިއެވެ. އެ ގޮނޑީގައި ޔަލާ އިނދެފައި ދިޔަ ޚިޔާލުތައް ސިކުނޑީގައި އެނބުރިގަތެވެ. ހުރިހާ ކަމެއް ޚިއްޞާ ކުރަމުން އަންނަ ޒާލިފަށް ވެސް ޔަލާ އެގެއަށް އައިކަން ޒަލަފް ސިއްރުކުރީއެވެ.

(ނުނިމޭ)

Leave a Comment

Your email address will not be published. Required fields are marked *