ANDHIREEGE THEREYN [ 07 ]

ދާރާ ކޮޓަރިއަށް ވަދެ ހަތިމު ބާއްވާފައި ނަމާދު ދޮޅި ބޮލާ ވަކިކޮށްލިއެވެ. އަދި ފަޔަށް މަހާލާފައި ހުރި އިސްޓާކީނުވެސް ބާލާ މުއްސަލަ މަތީ ބާއްވައިފިއެވެ. އެއާއިއެކު އޭނާ އަވަސްވެ ގަތީ ސިޓިންރޫމަށް ނުކުތުމަށެވެ. ދާރާގެ ހަރަކާތްތަށް އަވަސްވެފައި ހުރުމުން އޭނާއަށް ބަލަން އިން ބަލްމާ ކަންބޮޑުވާގޮތްވިއެވެ. އެނދުން ތެދުވީ މަންމަގެ ފަހަތުން އެކޮޓަރިން ނުކުންނާށެވެ.

“ދަރިފުޅުމެން ރީތިކޮށް މިތާ ތިބޭ، ސުލައިމާނުބެ އެބައިން އައިސް، ކޮޓަރީގެ ދޮރުހުޅުވާލައިގެން މަންމަ ގޮވަންދެން ބަސްއަހައިގެން ތިބޭ” ތުއްތު ކުދިންނަށް ވިސްނާދޭފަދަ ރާގެއްލާފައި ދާރާ ބުންޏެވެ. އެއާއިއެކު ބަލްމާ ތުންފިއްތާލާފައި ހުއްޓިއްޖެއެވެ.

“ހޫން، ކިޔާދީބަލަ، ކިހިނެކޭމިވަނީ” ދާރާ ޝައުގުވެރިކަމާއިއެކު ސުލައިމާނުގެ ކައިރިއަށް ގޮނޑިއެއް ދަމާލަފައި އިށީނދެއްޖެއެވެ. އޭރު އެތަނުގައި ސުލައިމާނާއި އެއްސޯފާއެއްގައި އިށީނދެގެން އަންބަރުވެސް އިނެވެ.

“ސުލައިމާނު އެކިޔަނީ ކޮންމެވެސް ފިރިހެނެއްގެ ފަރާތުން އައިސްގެން އުޅޭ ކަމެކޯ، ދެކުދިންނަށްވެސް އެމީހަކު ކަންތައް ކުރަނިއްޔޯ، އަދި އެހެން ކަމެއްވެސް އުޅޭ ވާހަކަ” އަންބަރު ސޯފާއިން ބުރަކަށި ދުރަށް ޖައްސާލަމުން ދާރާއަށް ބަލާލާފައި ބުންޏެވެ.

“އަސްލުވެސްތަ، އެކަމަކު ދެން ކާކު، ކީއްވެ އެކުދިންނަށް ކުރަންވީ” ދާރާ އަކަށް އެއްގޮތަކަށްވެސް ވިސްނައިގަންނާކަށް ފަސޭހައެއް ނުވިއެވެ.

“ދައްތާ، ލޯބިވެރިއެއްގެ ކަމެއް، އެކުދިން ރައްޓެހިވެގެން އުޅޭ މީހެއްގެ ފަރާތުން މިކަމެއް މިއަންނަނީ، ހިތްޖައްސަންހެން ހީވަނީ މިކަމެއް ކޮށްގެން މިއުޅެނީ، އަނެއްކާ ދެބެން އެކަކާ ރައްޓެހިވެގެންތަ އުޅެނީ، އެކަހަލަ ކަމެއް ހިނގިތަ، ދައްތަމެންނަށް އެކުދިންގެ ފަރާތުން އެކަހަލަ އިޝާރާތެއް ނުވޭތަ” ސުލައިމާނު އަހާލިއެވެ.

“ހަމަ އެއްގޮތަކަށްވެސް ނޭނގެ، ސުލައިމާނު، ކަލެއަށްވެސް އެނގޭނެ ދައްތަގެ ކުދިންނަކީ ރަށުތެރޭގައި ގިނަވެގެން އުޅޭ ކުދިބައެއް ނޫންކަން، ޖެހިގެން ހުންނަ ފިހާރަޔަށްވެސް ނުފޮނުވާ މިގެންގުޅެނީ، އެކަމަކު މި ހަގު ދެބެންނަށް ނޭނގެ ވެފަ އެތިބީ ކިހިނެއްކަމެއްވެސް، އަހަރެން ހާދަ ވިސްނުމެއް ވިސްނަމޭ އެކުދިންނާމެދު، އަންހެން ކުދިންވިއްޔަ، ނުވިސްނައެއްވެސް ނޯންނާނެ އެންނު، ވަރަށް ފާޑު ފާޑުގެ ރަޙުމަތްތެރިން އެ ދެބެންނާއިއެކު އުޅޭ، ތިޔަ ބުނާ ކަހަލަ ކަމެއް ހިނގިޔަސް އަހަރުމެންނަކަށް ރެއަކާ ނުލާނެ، އަނެއްކާ އެ ދެބެން އެއުޅެނީ ނުލާހިކު އެއްކޮށް” ދާރާ ވަރަށް ދެރަވެފައި އިނދެ ވާހަކަދެއްކިއެވެ.

“އެކުދިންނާ އެވާހަކަ ދައްކަންވީނު، ދެބެންނަށްވެސް އެއްޗެއް ކާންދީފަ ހުރިކަމަށްވަނީ، މިތަނުން ދޮށީ ކޮންކުއްޖެއްތަ، އޭނާ މިހާރު އެހެރީ މިކަމާ ދުރުވެފަ، އެކަމަކު އޭނާ ވަރަށް އަވަހަށް މީހަކާ އިންނާނެހެން ހީވޭ، އަނެއްކާ ތެދައްތަ މިބުނެވުނީ” ސުލައިމާނު މިހެން ބުނުމުން ދާރާ ވަރަށް އަޖައިބުވިއެވެ.

“އާން، ބަލްމާ އުޅެނީ ކުއްޖަކާ ރައްޓެހިވެގެން، އެ ފިރިހެން ސޮރު މިގެއަށް އައިސް އަހަރުމެން ގާތު ބަލްމާ އާއި ކައިވެނި ކުރަން ބޭނުންވާ ވާހަކަވެސް ބުނީ، މިކަމެއް ޖެހިގެން ބަލްމާއަށް ވަރަށް އެހީތެރިވެސް ވިކަން އެސޮރުގެ ވާހަކަތަކުން އެނގުނު، އަނެއްކާ އޭނާގެ ފަރާތުން އައިސްގެން އުޅޭކަމެއްތަ، އަހަރެން އެސޮރު މިހާރު ގެއަށްވެސް ވައްދަން، ބަލްމާ ބޭރަށް ނުނެރެންވެގެން އެގޮތަށް ކަންތައްކުރީ، ސުލައިމާނު، އަހަންނަށް ގޯހެއްތަ މިހެދުނީ” ދާރާ އަވަސް އަވަހަށް އަހާލިއެވެ.

“ނޫނޭ، އެމަންޖެ ބޭރަށް ނުނެރުން ތީ ކުރި ވަރަށް ރަނގަޅު ކަމެއް، އަހަރެން ކަމެއް ކޮށްދޭނަން، މިގޭ ސިޓިން ރޫމު ދޮރުކައިރިއަށާއި ގޯތީގެ އިންފާރުގެ އެތެރެ ފަރާތުން ވަށައިގެން ފެން ކިޔަވާފައި އަޅަން ޖެހޭނީ، ދެން އެދެބެންގެ ތިބި ހުރިހާ ރަޙުމަތްތެރިންނަށް ދައުވަތު ދީ، އެމީހުންގެ ތެރޭ ތިބުނާ ފިރިހެން ސޮރުވެސް ހިމަނަންވާނެ، އަދި ދެންތިބި ފިރިހެން ރައްޓެހިންނަށްވެސް ދައުވަތު ދޭށޭ ބުނަންވާނެ، އޭރުން އެނގޭނެ މިގޭ ތެރެއަށް އެމީހަކު ވަދެފަ ނުކުތީމަ އެއީ ކާކުކަން، މިކަމާ ދައްތަ ޤަބޫލުތަ” ސުލައިމާނު، ދާރާއަށް ބަލާލާފައި އަހާލިއެވެ.

“މީހަކަށް ގެއްލުމެއްވާ ކަހަލަގެ އެއްވެސް ކަމެއް އަހަރުމެން ކުރާކަށް ބޭނުމެއްނޫން ދޯ ދާރާ، ކޮންމެ މީހަކު ކުރިކަމެއް ނަމަވެސް، މިކުދިން ސަލާމަތްވަނިކޮށް އެނިމުނީ، ބަދަލަށް ބަދަލު ހިފާކަށްނެތިން” ސުލައިމާނުގެ ވާހަކަ އަޑުއަހަން އިނދެފައި އަންބަރު ބުންޏެވެ.

“އެއީ ތެދެއް، ދައްތަގެ ކުދިން ސަލާމަތްވަނިކޮށް ނިމުނީ، އެކުދިން ސަލާމަތްވާނެ ކޮންމެ ކަމެއްވެސް ސުލައިމާނު ކުރިއަށް ގެންދަންވީ، މިރޭތަ ތިކަމެއް ކުރަނީ” ދާރާ ސުވާލުގެ ނަޒަރަކުން ސުލައިމާނަށް ބަލަން އިނެވެ.

“މިރެއަކު ނޫން، މާދަމާރޭ އިރުއޮއްސެން ވާއިރަށް އަހަރެން އަންނާނަށް، ބޮޑު ބާލިދީއެއް ހޯދާލާފަ ބަހައްޓާތި” ސުލައިމާނު ބުންޏެވެ.

ބަލްމާ އާއި ބަތީލު، ދާރާގެ ކޮޓަރީގައި ތިބިއިރު ދެބެންވެސް އެކަކު އަނެކަކާ އެއްވެސް ވާހަކައެއް ނުދައްކައެވެ. ބަލްމާ އިނީ އެކޮޓަރިން ނުނިކުމެވިގެން ވަރަށް ކަންތައް ބޮޑުވެފައެވެ. ނަމަވެސް ބަތީލު އޮތީ ފޯނުގައެވެ. މިންހާޖާއި ވާހަކަ ނުދެއްކި ނަމަވެސް އޭނާ ފޯނުން މިގަށްވަނެވެ. މިގު ގުރޫޕުގައި އެންމެ ފޯރި ހިފާލާފައި ހުރި ވަގުތުކަމުން އޭނާގެ ސަމާލުކަންވަނީ ފޯނުގެ ސްކްރީނަށް ހުއްޓިފައެވެ. ގޭތެރޭގައި ސުލައިމާނު ދައްކަނީ ކޮންކޮން ވާހަކައެއްކަމެއްވެސް ބަލާކަށް ބަތީލު ބޭނުމެއްނުވެއެވެ. އެހެންނަމަވެސް އެއާއި ޚިލާފަށް ބަލްމާ ހުރީ ސުލައިމާނު ދައްކާ ވާހަކައެއް އަޑުއަހަން ޝައުގުވެރިވެފައެވެ. އޭނާއަކީ އެހާވެސް މޮޅު މީހެއްތޯ ސުވާލު އުފެދިފައެވެ. އަނެއްކާ އޭނާ އާއި ދިނާރުގެ ހުރިހާ ވާހަކައެއް ސުލައިމާނަށް އެނގިދާނެބާއޭވެސް ބަލްމާގެ ހިތަށް އެރިއެވެ. މަންމަމެން ގާތު ދިނާރާއި އޭނާ އާއި އޮތް ގާތް ގުޅުމުގެ ވާހަކަ ސުލައިމާނު ދައްކައިފިނަމަ ކަންތައް ވަރަށް ގޯސްވާނެކަން ބަލްމާއަށް އެނގެއެވެ. ބަލްމާއަށް ކޮޓަރި ތެރޭ ދެކޮޅަށް ހިނގަން ފެށުނެވެ.

“ބެލް، ތީ ދެން ބޮޑުވަރު، ބޭރަށް ނުކުންނަން ބޭނުންވާ ދެން ދޭބަލަ، ނޫނީ ފާޚާނާއަށް ދާންވީތަ ތިވައްތަރަ ތިއެނބުރެނީ ދެކޮޅަށް” އެނދުގައި ބަންޑުން އޮށޯވެލައިގެން އޮތް ބަތީލަށް ބަލްމާގެ ހަރަކާތައް ފާހަގަ ވެގެން ބުންޏެވެ.

“ޝަޓަޕް، ބައްތު އާއި ބެހޭ ކަމެއް ނޫން” ބަލްމާ ލޯ އަޅާލަމުން މޫނުމަތިން ރުޅިވެރިކަން ދައްކާލަން މަސައްކަތް ކުރަމުން ބުންޏެވެ.

“ކިހިނެއްތަވީ، މިތާ މައިތިރިވެގެން އިނދެ މަށާ ޝެއަރ ކޮށްބަލަ، އެނގޭތަ މިންހާޖު މިރޭ ގުޅީމަ އަހަރެން މިއޮތީ ފޯނު ނުނަގަންވެގެން، ފޯނު ނުނަގާ އޭނާގެ މެސެޖުތަކަށް ރިޕްލައިއެއްވެސް ނުކުރަން، އެބައޮތް ވަރަށް ގައްޑާ މެސެޖެއް ފަހުން ފޮނުވާލާފަ، ބެލް، މިގު ގުރޫޕަށް ވަދެބަލަ، ރެޑްގާލް އާއި ޓައިނީ ބޯއީމެން ގުރޫޕު އެބައުޅޭ، ކުދިގުޅަ އަހައިފި ކޮބާހޯ ޓިންކާބެލް” ބަތީލު ތެދުވެ އެނދުމަތީ ދެފައި ވަށްކޮށްލައިގެން އިށީންނަމުން އޭނާގެ ފޯނު ބަލްމާއަށް ދައްކާލިއެވެ.

ރޭގަނޑުގެ ކެއުމުގައި ސުލައިމާނު ބައިވެރިވުމަށްފަހު ނުވައެއް ޖަހަންވާއިރަށް އޭނާގެ ގެއަށް ދިއުމަށް ނުކުމެ ހިނގައިގަނެއްޖެއެވެ. ދާރާ އާއި އަންބަރު ސުލައިމާނު ދެއްކި ވާހަކަ އާއިމެދު މަޝްވަރާކުރަން ތިބެފައި ކުދިންނަށް ކާން ގޮވަން އަންބަރު ބުނުމުން އައީ ކޮޓަރިއަށެވެ. އޭރު ބަލްމާވެސް އެންމެ ފަހުން ބަތީލާއި އެއްބައިވެގެން ފޯނުގެ ސަކަރާތުގއި ޖެހިފައި އިނެވެ.

ދެބެން ކައިނިމެންދެން ދާރާ ކާމޭޒު ދޮށުގައި އިނެވެ. ކުދިންނާއި އެކިއެކި ވާހަކަ ދައްކަމުން ގޮސް ބަލްމާ އާއި ދިނާރުގެ ވާހަކަ ދާރާ ފެށިއެވެ.

“ދަރިފުޅަށް ދިނާރު ކަމުދޭތަ، މަންމައަށް ހީވޭ ތިއުޅޭ އެހެން ކުދިންނަށްވުރެ ރަނގަޅު ކުއްޖެއްހެން އެއީ، އެހެންވެ މަންމަ އެއްބަސްވީ މިގެއަށް ވަންނަން” ދާރާގެ އަސްލު މަޤްޞަދާއި ހަމައަށް ދިއުމަށް އޭނާ ފެށީ ވަރަށްވެސް ދުރުންނެވެ.

“ހޫމް!” ލަދުވެތި ގޮތަކަށް ބަލްމާ ކާންއިން ތައްޓަށް ބަލަހައްޓައިގެން އިނދެ ބޯޖަހާލަމުން ހޫންލައްވާލި އަޑު އިވުނެވެ.

“މަންމަ މިހުންނަނީ މިކަހަލަ ވާހަކައެއް ބަތީލާއިވެސް ދައްކަން ބޭނުންވެފަ، ދަރިފުޅުވެސް އުޅެނީ ކުއްޖަކާ ގުޅިގެންތަ، މަންމަ މިހާރު ބޭނުމެއްނޫން ގޭން ބޭރުގަ ބައްދަލުކޮށް ހަދާކަށް، އެއީ އެހާ ރަނގަޅު ކަމެއްނޫން، ތިކުދިންނަށްވެސް އެނގޭނެ، ދޮންބެވެސް އެހެރީ މިހަކާ އިނދެގެން، މަންމަ ދެއްކި މީހަކާ ނޫން ދޯ އިނދެގެން އެ އުޅެނީ، މަންމަ ބުނަން މިއުޅެނީ، އެކުއްޖަކު އިންނާނެ މީހަކު އެނގޭނީ އެކުއްޖަކަށޭ، އެކަމަކު އަޙުލާގު ރަނގަޅު، ދަރިފުޅުމެން ގޮވައިގެން އުޅެވޭވަރުގެ މީހަކަށް އެމީހަކު ވާން ޖެހޭނެ، ބަތީލުވެސް ހީވަނީ އެކަހަލަ ޚާއްޞަ ކުއްޖަކު ގެންގުޅޭހެން” ދާރާ ބުންޏެވެ.

ދާރާ ދައްކަންފެށި ވާހަކައަކުން ބަތީލު އިނީ އަޖައިބުވެފައެވެ. އޭނާއަށް ދާރާގެ ސުވާލުތައް އެއްފަހަރުވެސް އަމާޒުވެދާނެ ކަމަށް ހީވެފައެއް ނެތެވެ. ލިބުނު ހައިރާންކަމާއިއެކު ބަތީލަށް ވިސްނާލެވުނެވެ. މަންމަގެ ސުވާލުތަކަށް ޖަވާބު ދޭނީ ކިހިނެއްކަމާއިމެދު ބަތީލު ވިސްނަމުން ދަނިކޮށް އަނެއްކާވެސް ދާރާގެ ސަމާލުކަން އޭނާއަށް ހުއްޓިއްޖެއެވެ.

“ކީއްވެތަ ދަރިފުޅު އެއްޗެކޭ ނުބުނީ، މަންމަ މިދައްކަނީ ގޯސް ވާހަކައެއް ނޫނެންނު، މަންމައަށް އެނގޭ ދަރިފުޅުމެން ތި ތިބީ މީހުންނާ އިންނަވަރުވެފަކަން، އެކަން މަނާ ކުރާކަށް މަންމަވެސް އަދި ބައްޕަވެސް ނޫޅެޔޭ، އެއްގޮތަކަށްވެސް މަންމަމެން ނުރުހިދާނެތީވެ ފަސްނުޖެހެއްޗޭ، ދަރިފުޅުމެންނަކީ އަންހެން ކުދިންވީމަ، މަންމަމެން ވަކިން ކަންބޮޑުވާނެ އެންނު، ވިސްނާނުލާ ކުރެވޭ ކުޑަކުޑަ ކަމަކުންވެސް ގިނަ ފަހަރަށް ބޭޒާރުވެގެން ދަނީ އަންހެނުން، އެހެންވީމަ ދުނިޔޭގައި އުޅެންވާނީ ވަރަށް ވިސްނައިގެން، ދެން ބުނެބަލަ، ކޮންކުއްޖަކާތަ ދަރިފުޅު ގުޅިގެން އުޅެނީ، މަންމައަށް ފެނިފަތަ ހުންނާނީ” ދާރާ ކުރުނުކޮށް އެއްވާހަކައެއް ދައްކަމުން ދިޔައެވެ.

“މަންމާ، ބައްތު އެއުޅެނީ ބުނަން ނުކެރިގެން، އޭނައަށް ކިޔަނީ މިންހާޖު” ބަލްމާ އަނގަ ގަދަކޮށްލާފައި ބުންޏެވެ. އެއާއިއެކު ބަތީލު ބަލާލީ ހިތްހަމަނުޖެހިފައި އިން ކަހަލަ ގޮތަކަށެވެ. ބަލްމާއަށް އެތަންފެނި ލާނެތް ގޮތަކަށް ހީނލިއެވެ.

ދާރާވެސް ހީނލާފައި އިތުރަށް އެ މަޢުލޫއަށް ވާހަކަތަކެއް ދައްކާކަށް ނޫޅުނެވެ. އޭގެ ބަދަލުގައި އޭނާ ފެށީ ދީނީ ނަސޭހަތްދޭށެވެ. ނިދަން އޮށޯތުމުގެ ކުރިން ކުރުން ހެޔޮވެގެންވާ ކަންތައްތައް ދަރިންނަށް އޮޅުން ފިލުވާދެމުން މޭޒުމަތީގައި ހުރި ތަށިތައް ނަގަމުން ދިޔައެވެ.

“ބަލްމާ، މިހާރު ކިހިނެއްވަނީ، ނަމާދު ކުރެވޭތަ” ދަރާ އެހީ ކޮންކަމެއްގެ ވާހަކަކަން ބަލްމާއަށް އެނގުނެވެ. އޭނާ ދެރަވެލާފައި ލަސްލަސްހުން ދެފަރާތަށް ބޯހޫރާލިއެވެ.

“މަންމައަށް ފެންނަނީ މިހާރު ކުލަ މަޑީވިއްޔާ ރީތިކޮށް ހިނައިގަނެގެން ނަމާދަށް އަރަން ފަށަން، މާދަމާ ޑޮކްޓަރަށް ދައްކަންވެސް ދާނީ، އޭރުން ޑޮކްޓަރީ ފަރުވާ އާއިއެކު އިރާދަކުރެއްވިއްޔާ ތިކަން ރަނގަޅުވެދާނެ، އަވަހަށް ދޭ ދެކުދިންވެގެން ގޮސް މަންމަމެން ކޮޓަރީގެ ފާޚާނާއަށްވަދެ އަތްފައި ދޮވެ ހަދައިގެން ނިދާ އެއްޗެހި ލާން، އެހާ ދަންވަންދެން ހޭލާ އުޅޭނެ ކަމެއްނެތް” ދާރާ މިހެން ބުނުމާއިއެކު ދެބެންވެސް ކެއި ތަށި ސިންކުގެ ތެރެއަށް ލާފައި އަތްދޮވެލައިގެން ހިނގައިގަތީ ދާރާގެ ކޮޓަރި އާއި ދިމާލަށެވެ. އޭރު އަންބަރު ސިޓިން ރޫމުގައި ޓީވީ ބަލަން އިނެވެ.

“ދިނާރު އޯކޭ ވިޔަސް، މިންހާޖު ގާތު ނުބުނެ ގޭމީހުން ގާތު އެއްވެސް ވާހަކައެއް ނުދައްކަންށޭ އަހަރެން ހުރީ، ކޮންމެހެން ބެލް ޖެހޭތަ ތިހާ އަނގަގަދަވާން، އަހަރެންވެސް މަންމަ އެހާވަރަށް އެހީމަ ބުނަން ބޭނުންވި، އެކަމަކު މިންހާޖަކީ ފާޑެއްގެ މީހެއް، މިހާރުވެސް ހުރީ އަހަރެން ފޯނު ނުނަގައިގެން މޫޑީވެފަ” ބަތީލު، ބަލްމާގެ ކޮނޑުގައި ދެއަތުން ހިފާ ތަޅުވައިގަންނަމުން ހިތްހަމަނުޖެހުނުކަން އަންގާލިއެވެ.

ރޭގަނޑުގެ ހަމަހިމޭންކަން ދެމިއޮތީ ވަކިއިރެއްވަންދެނެވެ. މިރޭވެސް ބަތީލަށް ނިދޭގޮތެއް ނުވިއެވެ. ފާޑުފާޑުގެ ހުވަފެންތައް ފެންނަގޮތް ވަނީއެވެ. ނޭނގޭ އުދަނގޫތައް ހަށިގަނޑަށް ވަމުންދާއިރު ފެންނަ އެއްޗެއް ފެންނަނީ ހުވަފެނެއްގެ ގޮތުގައެވެ. ހޭލެވުނު އިރު މިރޭވެސް ބަތީލު ހުރީ އޭނާ ނިދާކޮޓަރީގައެވެ. އެންމެ ފުރަތަމަވެސް އަތްލެވުނީ ގައިގައެވެ. ނިދަން ލާފައި ހުރި ހެދުން ގައިގާ ވަކިނުވެ އޮތުމާއިއެކު ހިތްހަމަޖެހުމުގެ ނޭވާއެއް ބޭރުކޮށްލާފައި ކޮޓަރީގެ އަނދިރިކަމުގެ ތެރެއަށް ލޯ ހޭނުމަށްޓަކައި ވަށައިގެން ހޯދަން ފެށިއެވެ. އެވަގުތު ކޮޓަރީގެ ކަނެއްގައި މީހަކު ހުރިހެން ބަތީލަށް ހީވިއެވެ. ބިރުގަނެފައި ހުއްޓެއް ކަމަކު ހަރަކާތްތައް މެދުމިނެއްގައި ހިފެހެއްޓާތޯ މަސައްކަތް ކުރަމުން ބަތީލު ބެލީ ކޮޓަރީގެ ދޮރު ފެނޭތޯއެވެ. ދޮރު ފެނުމުގެ ކުރިން ކޮޓަރީގެ ފާރުގައި ހުރި ސުވިޗު ބޯޑެއް އަތުގައި ޖެހިއްޖެއެވެ. އެއާއިއެކު ކުއްލިއަކަށް ސުވިޗު ޖައްސާލެވިއްޖެއެވެ. މުޅި ކޮޓަރިތެރެއަސް ވެރިވެގެން ދިޔައީ ފަނޑުއަލި ކަމެކެވެ. ބަތީލަށް ދިއްލާ އެލެވުނީ ކޮޓަރީގައި ހުރި ނިދާ ބޮތްކެވެ. ދޮރު ހުރި ހިސާބު ފެނުނެއް ކަމަކު ބަތީލުގެ ހަތަރެސްފައި ގަނޑުވެގެން ދިޔައީ ކޮޓަރީ ފާރުގައި އެކޮޅު ކޮޅުން ހަތަރެސްފައި ޖަހައިގެން އޮތް ކަޅު އެތި ފެނިފައެވެ. ހަޅޭލަވައެއްވެސް ނުގަނެވުނެވެ. ދެލޯ ބޮޑުވެފައި ބަލަން ހުރެވުނީއެވެ.

ފާޚާނާއަށް ދާން ޖެހިގެން އަންބަރަށް ހޭލެވުނީ އެހެންޏާ ހޭނުލެވޭ ފަދަ ގަޑިއެއްގައެވެ. ދެޚިޔާލެއްގައި އޮވެފައިވެސް އޭނާ ތެދުވެގެން ގޮސް ފާޚާނާއަށް ވަދެއްޖެއެވެ. އޭރު އެނދުމަތީ އޮތީ ހަމައެކަނި ބަލްމާ ކަމެއް އޭނާއަކަށް ފާހަގައެއް ނުކުރެވުނެވެ. އަންބަރު ފާޚާނާކޮށްގެން ނުކުމެ އޮށޮންނަމުން ކުދިންނަށް ބަލާލީ މިރޭ ކުޑަމިނުން ހަމަނިދި ލިބިދާނެޔޭ ހިތަށް އެރިވަރުން އެކަމާ ހިތްހަމަޖެހިލައިގެންނެވެ. ނަމަވެސް ލޮލަށް ބަރުކުރަމުން ދިޔަ ނިދިވެސް ވަގުތުން ދުވެ ރައްކާވެއްޖެއެވެ. އޮށޮންނަން ގޮދަޑީގައި ވިއްދާލި އަތާއިއެކު ފޫ ނުޖެހެނިސް ފުންމައިގެން ތެދުވެއްޖެއެވެ.

“ދާރާ، ދާރާ، ހޭލަބަލަ” ފުންމައިގެން ތެދުވިގޮތަށް އަންބަރު ހާސްކަމާއިއެކު ނިކަން ބާރަށް ދާރާއަށް ގޮވަންފެށިއެވެ. އެހިނދު ގަދަ ނީދީގައި އޮތް ދާރާވެސް ދިޔައީ ހަތަރެސްފައި ކޮޅަށް ޖެހިގެންނެވެ. ދާރާއަށް ފުންމައިގެން ތެދުވެވުނު ގޮތަށް ކިހިނެއްތޯ ވީ ސުވާލު ކުރެވުނެވެ. އަންބަރު އިޝާރާތްކޮށްލީ އެނދަށެވެ.

“ސުބްޙާނަﷲ، ކޮންތާކަށްބާ އެދިޔައީ” އަންބަރަށްވުރެ ބޮޑަށް ދާރާ ކަންބޮޑުވެ ހާސްވިހެން ހީވިއެވެ. އޭރު އެދެމަފިރިންގެ އަޑު ގަދަވެގެން ނިދިފައި އޮތް ބަލްމާއަށްވެސް ހޭލެވިއްޖެއެވެ. އަންބަރު ކޮޓަރިން ބޭރަށް ނުކުމެ ގޭތެރޭގައި ދިއްލާފައި ހުރި ފަނޑުބޮކިތައް ނިވާ، ހުދުއަލީގެ ބޮކިތައް ދިއްލަން ފެށިއެވެ.

“އާތް!” ސިޓިން ރޫމުގައި ހުރި އަންބަރަށް ދާރާގެ ބާރު ހަޅޭކުގެ އަޑުއިވުނެވެ. އަންބަރު އައިސް ބަލްމާ އާއި ބަތީލު ނިދާކޮޓަރިއަށް ވަނެވެ. އޭނާއަށްވެސް ފެނުނު މަންޒަރުން ފަސްޖެހިލެވުނެވެ. ބަތީލު ހީވަނީ މާބަނޑު އަންހެނެއް ހެންނެވެ. ބަނޑުފުއްޕާލާފައި އޮތީ ވިހަން ގާތްވެފައިވާ މީހަކު ފަދައިންނެވެ. އޮތްގޮތުން އެކުއްޖާގެ ބުރަކަށީގައި މައިބަދައޭ ކިޔާ ކައްޓެއް ނުވާ ކަހަލައެވެ. ލެނބިލާފައި އޮތްއިރު ހަރު އެންމެ ކަށްޓެއްވެސް ހުރިހެނެއް ހިޔެއްނުވެއެވެ. ދެކަޅި ހުރީ އަރާފައެވެ. އެއްވަރަކަށް އޮވެ ބަތީލު ތެޅެނީއެވެ. އަންބަރާއި ދާރާމެންނަށް އެކޮޓަރިއަށް ވަދެވުމާއިއެކު ބާރު އަޑަކާއިއެކު ބަތީލުގެ ހަށިގަނޑު ގޮސް ޓައިލްސްތަކުގައި ޖެހިއްޖެއެވެ. އެހިނދު ބަތީލުގެ އަނގައިން ފޮނުތަކެއް ނުކުންނަން ފެށިއެވެ. ފިޓުޖެހެނީ ކަމުގައި ހީވެ ދާރާ ދުވެފައި އައިސް ބަތީލުގެ ގައިގާ ހިފަހައްޓާލުމާއިއެކު ވައަތް ފަރާތަށް އަރިއަކަށް ބޭއްވިއެވެ. އަދި އަންބަރަށް ގޮވާލުމާއިއެކު ބަތީލުގެ ގައިގާ ހިފެހެއްޓުމަށް ބުންޏެވެ. އޭރު ފާޑެއްގެ އަޑެއްވެސް ބަތީލުގެ އަނގައިން ބޭރުވެއެވެ.

އިރުކޮޅެއް ފަހުން ބަތީލުގެ ނޭވާލުން ހަމައަކަށް އެޅުމާއިއެކު އަނގައިން ނުކުންނަމުންދިޔަ ފޮނުތައްވެސް ހުއްޓިއްޖެއެވެ. އަދި ފުފިފައި އޮތް ބަނޑުވެސް ކުއްލިއަކަށް ހިނދި ކުރިއެކޭ އެއްގޮތްވެއްޖެއެވެ. ބަތީލުގެ ދެލޮލުން ފައިބަމުން ދިޔަ ކަރުނަތައް ދާރާގެ ލޮލުގައި އަޅައިގަތީ ދެނެވެ. ހިތަށް ކުރި އަސަރާއިއެކު ދަރިފުޅު ގެނެސް މޭގައި ބޮނޑިކޮށްލުމާއިއެކު އޭނާއަށްވެސް ރޮވިއްޖެއެވެ. އެދަރިފުޅު ކުރިމަތިލަމުން އެދަނީ ކިހާ ވޭނަކާ ބިރުވެރިކަމަކާކަން ހިތަށް ތަސަވަރުވެސް ކުރަން ދާރާއަށް އުނދަގުލެވެ. އަންބަރު އައިސް ދާރާގެ ބުރަކަށީގައި ފިރުމާލަމުން ބަތީލުގެ ގައިގާ ފޮތިގަނޑެއް އަޅާލާފައި އެކުއްޖާ އަތްދަނޑިމައްޗަށް އުފުލާލައިފިއެވެ. އަންބަރުގެ ދެލޯވެސް ފެންކަޅިވެގެން ދިޔައެވެ. ބަތީލުގެ އުމުރުން ފުރާވަރަށް އެޅުނީއްސުރެން އަންބަރު އެ ދަރިފުޅު އެފަދަ ގޮތަކަށް އުރާލާފައެއް ނުވާނެއެވެ. އެކަމަކު މިރޭ އޭނާގެ އަތްދަނޑިމަތީގައި އެއްވެސް ބާރެއްނެތް ކުޑަކުއްޖަކު ފަދައިން ބަތީލު އޮތްތަން ފެނުމުން އޭނާގެ ހިތަށްވެސް އަސަރުކުރީއެވެ. އޭގެ އިތުރުން ހިތުގައި ރުޅިވެރިކަމުގެ އަލިފާންގަނޑެއްވެސް ރޯވެ ހުޅުފަޅައިގެން ދިޔައެވެ. އޭނާގެ ކުދިންނާއި ދިމާކޮށްގެން އުޅޭ މީހަކީ ކާކުކަން ހޯދާ އެމީހަކަށް ވަރުގަދަ ލަގާއެއް ދޭން އެވަގުތު އޭނާގެ ސިކުނޑިއަށް ވިސްނެމުންދިޔައެވެ.

އަރައިގެން އައި އިރާއިއެކު ސުލައިމާނުގެ ފޯނަށް ދާރާ ގުޅަން ފެށިއެވެ. އެހެންނަމަވެސް ކޮންމެ ފަހަރަކުވެސް ބުނަނީ ފޯނު ނިއްވާލާފައި އޮތްކަމަށެވެ. ގޭތެރޭގައި އެއްކަމެއް ކޮށްލާފައި އަނެއްކަމެއް ކޮށްލާފައި ދާރާ އުޅުނެއް ކަމަކު އޭނާގެ ހާސްކަމެއް ނުފޮރުވެއެވެ. ދޭތެރެއަކުން ސޯފާގައި ނިދިފައި އޮތް ބަތީލަށް ކަޅިއެއް އެއްލައެވެ. އެކުއްޖާ ނުފެންނަ ހިސާބަށްވެސް މިހާރު ދާރާ ދާން ބިރުގަނެވެ. ވާނޭ ގޮތެއް ނޭނގޭތީއެވެ. ކޮންމެ ފަދަ ގަޑިއެއްގައިވެސް ގެއްލިދާނެއެވެ.

މެންދުރުވީ ފަހުން ސުލައިމާނުގެ ކޯލެއް އައެވެ. ދާރާ ފޯނު ހިފައިގެން ނުކުތީ ގޭގެ ގޯތިތެރެއަށެވެ. ސުލައިމާނަށް ހުރިހާ ވާހަކައެއް ކިޔައިދިނެވެ. އަދި އާދޭސްކޮށްފައި އެމީހުންނަށް ދިމާވެގެން އުޅޭކަންތައް ވީހާވެސް އަވަހަކަށް ރަނގަޅުކޮށްދިނުމަށް އެދުނެވެ.

“އަހަރެން ދާނަން މިރޭ، ތިމީހަކަށް ވަރުގަދަ ލަގާއެއް ދޭންވީ ކަންނޭގެ، ރޭގަ އަހަރެން ގެއަށް އައިސް އަދި އިތުރަށް ބަލާލީން، ދައްތާ، ކަންތައްތައް ވަރަށް ގޯސްކޮށް ގޮސްފައި ހުރީ، ދެކަމެއް ލައިގަނެގެން އެއުޅެނީ އެމަންޖެއަށް،  އެއްކަމަކީ ފިރިހެނެއްގެ ފަރާތުން އައިސްގެން އުޅޭކަމެއް، އަނެއްކަމަކީ އަންހެނެއްގެ ފަރާތުން އައިސްގެން އުޅޭ ކަމެއް، ދެކުދިންނަށްވެސް ހުރީ އެއްޗެހި ކާންދީފަ، ނުވިތާކަށް، ދެމީހުންވެސް ހުރީ ފިރިހެން ކުދިންނާއި ވަރަށް ގައިގޯޅިކޮށް އުޅެފަ، ބަތީލުގެ ގަޔަށް ވަންނާތީ އެހެން އެ ބަނޑު ފުއްޕަނީ، ދައްތާ ދެން ބުނަން އޮތް ވާހަކަ ބުނަންވެސް ލަދުގަނޭ، މަގޭ ދަރިންފަދަ ކުދިންތަކެއް ވިއްޔާ ތީ” ސުލައިމާނު މިހެން ބުނުމުން ހާސްވެފައި ހުރި ދާރާ އިތުރަށް އަހަން ފެށިއެވެ.

“ބަތީލާއި އެހެނިހެން ގޮތްގޮތުންވެސް ތިއެއްޗެއް ބެހެނީ، އެކުއްޖާ މުޅިން ހަލާކުކޮށްލަން އެއުޅެނީ، އަހަންނަށް އެނގޭ ކުރަންވީ ކަމެއް އަވަސް ކުރަންވެއްޖެކަން، އެހެންނޫނީ އަހަރުމެންގެ އަތުން އެކުއްޖާ ބީވެގެން ހިނގައިދާނެ، ދައްތާ ހުވަނދުމާކޮޅެއް އަސުރަށް ފަހު ބިނދެލާފައި ބަހައްޓާލަދީ، ފުދޭވަރަކަށް ގިނައިން ބޭނުންވާނެ” ސުލައިމާނު ބުންޏެވެ.

“ކިހާވަރެއްގެ މަލެއް، ފޮޅިފައި ހުރި މާތަ” ދާރާ އޮޅުން ފިލުވާލިއެވެ.

“ނޫނޭ، އެހާ ބޮޑަށް ނުފޮޅޭ މާ ރަނގަޅީ، ހޯދާ ލާފަ ރަނގަޅަށް ބަންދުކޮށްލާފައި އަހަރެން ދަންދެން ބަހައްޓާ” ސުލައިމާނު މިހެންބުނެ ފޯނު ނުބޭވިއްގެން އުޅެނިކޮށް ދާރާ ހަޅޭލަވައިގަތް އަޑުއިވުނެވެ. ސުލައިމާނަށް ވީގޮތެއް ނުފެނުނު ކަމުގައިވިޔަސް އޭނާވެސް ދިޔައީ ސިއްސައިގެންނެވެ. ވަގުތުން ދާރާއަށް ގޮވަން ފެށިއެވެ.

“ހެލޯ، ސުލައިމާނު، އެނގޭތަ، ދެންމެ ކިރިޔާ މި ސަލާމަތްވީ، ގޯތިތެރޭގައި ހުރި ބޮޑު ކަނީރުމާ ގަހުގެ ގޮފިގަނޑެއް އިރައިގެން ގޮސް ވެއްޓުނީ އަހަރެން ހުރި ދިމާލަށް، ބަލާލެވުނު ކަމުން މި ސަލާމަތްވީ” ކުޑަކުޑަ އިރުކޮޅެއް ފަހުން ދާރާ ވާހަކަދައްކަން ފެށިއެވެ.

“ދައްތަ ގޯތިތެރެއަށް ނުކުމެ ހުރެތަ ތިވާހަކަދައްކަނީ، އަވަހަށް ވަދޭ ގޭތެރެއަށް، ކޮންމެ ފަހަރަކު ގެއަށްވަދެފަ ރަނގަޅަށް ދޮރުލައްޕާތި” ސުލައިމާނު މިހެން ބުނުމާއިއެކު ދާރާ އެގޮތަށް ކަންތައް ކުރަން އަވަސްވެގަތެވެ.

ބަތީލު ގައިގާ އެއްވެސް ވަރެއްނެތެވެ. ކާއެއްޗެއް އެކުއްޖާގެ ކަރުބުޑުން އެތެރެވާ ގޮތެއް ނުވެއެވެ. ކަންބޮޑުވެފައި ހުރި ދާރާ ބަތްޕެން ކޮޅެއް ކައްކައިގެން އައިސް ދަރިފުޅުގެ ގައިގާ ހިފަހައްޓާލައިގެން އިނދެ ދެވޭތޯ މަސައްކަތް ކުރިއެވެ. އެދެމައިންގެ ގާތުގައި ބަލްމާވެސް އިނެވެ. މަންމައަށް އެހީތެރިވުމުގެ ގޮތުން ބަތްޕެންކޮޅު އަޅާފައި ހުރި ތަށީގައި ހިފަހައްޓާލައިގެން އިނެވެ. ދެތިން ސަމްސާ އަރުތެރޭން ދިއުމާއިއެކު ބަތީލު އަތުން އިޝާރާތްކޮށްލީ ދެން ނުކެވޭނެއޭ ބުނާ ފަދަ ގޮތަކަށެވެ. ދާރާ ވަގުތުން ހުއްޓާލުމާއިއެކު ބަލްމާ ހިފަހައްޓައިގެން އިން ބަތްޕެން ތަށީގެ ތެރެއަށް ސަމްސާ ލަމުން ވާހަކަދެއްކިއެވެ.

“ތި ތަށި މަންމަ އަތަށް ދީފަ ދަރިފުޅު އާދެބަލަ ކޮއްކޮގެ ގައިގާ ހިފަހައްޓާލައިގެން މިތާ ސޯފާގައި އިނދެލަން” ދާރާ ބުންޏެވެ. އެއާއިއެކު ބަލްމާ، އޭނާގެ މަންމަ ތެދުވި ތަނުގައި އިށީނދެ ބަތީލުގެ ކޮނޑުގައި ވަށައިގެން އަތްއަޅުވާލުމަށްފަހު ގައިގާ ޖައްސާލައިގެން އިނެވެ. އެއްވެސް ވާހަކައެއް ނުދައްކާ ދެބެންވެސް ތިބީ ޓީވީ އާއި ދިމާލަށް ބަލާށެވެ. ނަމަވެސް މަޑުމަޑުން ބަތީލުގެ ދެލޯ މެރެމުން ދިޔައީ ހަށިގަނޑުގައި ހަކަތަނެތުމުގެ ސަބަބުންނެވެ. އޭނާގެ އަރުތެރެވަނީ ފާރުވެފައި ކަހަލައެވެ. ބަނޑު ހުންނަނީ އަބަދުހެން ފުރިފައި ހުންނަފަދަ ގޮތަކަށެވެ. އޭގެ އިތުރުން ދޭތެރެއަކުން އޭނާއަށް މީހަކު ގެއިން ބޭރުގައި ހުރެ ގޮވާލާހެންވެސް ހީވެއެވެ. ހަށިގަނޑުގައި ވަރުނެތްކަން އެއީ ނަސީބެއްކަންނޭގެއެވެ. ބަތީލު ބޭރަށް ނުކުންނަ ހިތްވަނީއެވެ. މިންހާޖާއި ބައްދަލު ކުރަން ދާހިތްވަނީއެވެ. ނޭނގޭ ރުޅިވެރިކަމެއްވެސް ހިތާ ސިކުނޑީގައި އުފެދެން މަސައްކަތް ކުރަމުންދިޔައެވެ. އެހެންނަމަވެސް މިއިން އެއްވެސް ކަމަކަށް ބާރު ނުފޯރުވިގެން އުޅެނީ ބަތީލުގެ ހަށިގަނޑުގެ ވަރުދެރަފައި އޮތީމައެވެ. ބަތީލުގެ ހަށިގަނޑުގައި ނުރިއްސާ އެންމެ ތަންކޮޅެއްވެސް މިހާރު ނުވެއެވެ. ދެލޯ މަރާލައިގެން ބަތީލު އިނީ ހުއްޓިފައި އިން ބުދެއްހެންނެވެ.

ހަވީރު ސުލައިމާނު އަންނަން ވާއިރަށް އޭނާ ބުނިގޮތަށް ދާރާ ކަންތައް ކުރިއެވެ. އަދި ސުލައިމާނު ކިޔައިދިން ވާހަކަތައް އަންބަރަށް ކިޔައިދީފިއެވެ. އަންބަރު ހުރީ ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ. ސުލައިމާނަށް އިތުބާރު ކުރުން ނޫންގޮތެއް މިވަގުތު އެދެމަފިރިންނަށް ނެތޭ ހީވެ ވަރަށް ދެރަވެފައެވެ. ބަތީލުގެ ހާލު ދަށަށް ދާތީވެ އެކަމާވެސް ދާރާ ކަންބޮޑުވެގެން އެވާހަކަ އަންބަރުގެ ގާތުގައި ދެއްކިއެވެ.

“ބަތްޕެނަކީ ރަނގަޅު އެއްޗެއް، ވަރުޖެހެންދެން އިރުއިރުކޮޅާ ބަތްޕެން ފޮދެއް ޖެއްސުން ނޫން ގޮތެއް ނެތެންނު، ދިޔާ އެއްޗެހި ދެވޭތޯ ބަލާ، ހަށިގަނޑުގައި ވަރުޖެހޭނޭ ކަހަލަގެ، ސުލައިމާނުވެސް މިކަން ދިގު ނުދަންމާ ނިންމާލާނެ ނަމައޭ އަހަރެންގެ ހިތަށް އަރާ” ގޭގެ ބޭރު ގޭޓުގެ މައްޗަށް ވާގޮތަށް އަރުވާފައި އޮތް ހުވަނދުމާ ގޮފިތަކުން މާބިންނަމުން އަންބަރު ބުންޏެވެ. އޭރު މާތަށް އަޅަން ތައްޓެއް ހިފައިގެން ދާރާ އެތަނުގައި ހުއްޓެވެ.

“އޭނާ އައީމާ އަހަރެން ބުނާނަމޭ މިކަން ދިގުދައްމައިގެން ނުވާނެޔޭ، ވީހާވެސް އަވަހަކަށް މިކަމަށް ޚައްލެއް ގެނެސްދޭށޭ ވާނީ” ދާރާ އަންބަރާއި ބައިވެރިވަމުން ބުނެލިއެވެ.

ހަވީރުގެ ފިނި ހިޔާ މަގުތަށްމައްޗަށް ފެތުރިފައި އޮތެވެ. މޫސުން ރަނގަޅުވެފައި ލުއިލުއި ވައިރޯޅިތައް މިނިވަންކަމާއިއެކު ގަސްތަކުގެ ފަތްތަކާއި ސަމާސާ ކުރުމުގައި އުޅޭއިރު، ރަށުތެރޭގައި ކުދިވެރިންނާއި، ފުރާވަރުގެ ކުދިން މަގުތައްމަތީ ނަލަ ހެދިގެން ހޭލަމޭލަވެ އުޅޭތަން ފެނެއެވެ. ނޫކަށިފުރައިގެ ކުދިންގެ ނަޒަރުތައް އެމީހުންގެ ކުރިމަތިން ހިނގާފައި އަންނަ ޒުވާނާއަށް ހުއްޓެމުންދިޔައެވެ. އެހެން ދުވަސް ދުވަހާ ޚިލާފަށް މިއަދު އެ ޒުވާނާގެ ހަށިގަނޑުގެ ތެދުކަމާއި މޫނުމަތީގެ ތާޒާކަން އިތުރުވެފައި ވާހެން ހީވެއެވެ. މަޑު ނޫކުލައިގެ ލާކޯސްޓް ކްރޮކް އެއް ޖަހާފައި ހުރި ޓީޝާރޓުގައި ފެންނައިރު ހީވަނީ އެއީ ކަސްރަތީ ހަށިގަނޑެއްކަން އެންމެނަށް ޢިއުލާން ކުރަން އުޅޭހެންނެވެ. ލުއި ހިނިތުން ވުމަކާއިއެކު މަޑު ހިނގުމައި އައިސް އެ ޒުވާނާ މަޑުކޮއްލީ ގެއަކަށް ވަންނަން ހުރި ބޮޑު ގޭޓެއްގެ ކުރިމަތީގައެވެ.

“ދިނާރު…” ގޭޓު ކުރިމަތީ ހުރި ޒުވާނާ ފެނުމުން ދާރާއަށް ބުނެވުނެވެ.

“ބައްތު މިހާރު ކިހިނެއް، ބަލްމާ ބުނި ބައްތު ވަރަށް ސަކަރާތޭ، މިއައީ ބަލްމާ އާއި ބައްދަލު ކޮށްލަންވެގެން” ދިނާރު މިހެން ބުނުމުން ހަރުގަނޑަށް އަރާ ހުރި އަންބަރު އޭނާއަށް ބަލާލީ ނުރުހުމުގެ ނަޒަރަކުންނެވެ.

“ރަނގަޅެއް ނޫން، ބަލްމާ އާއި ދެކުދިން އެބައުޅޭ ގޭތެރޭގަ، އަހަރުމެންނާއިއެކު ގޭތެރެއަށް ވަންނަން މިތާ އެހަށް މަޑުކޮށްލަންވީނު، ތީ ކޯއްޗެއް” ދާރާއަށް ދިނާރުގެ އަތުގައި އޮތް ކޮތަޅު ފެނުމުން އަހާލެވުނެވެ. ސުލައިމާނު ބުނިގޮތުން އޭނާގެ ކުދިންނަށް ބަޔަކުވަނީ އެއްޗެހިތަކެއް ކާންދީފައެވެ. ދިނާރުގެ ފަރާތުން ރަނގަޅު އަޙްލާގެއް ފެނުނެއް ކަމަކު އޭނާއަށް އިތުބާރު ކުރަން ދާރާ ފަސްޖެހެއެވެ. އެހެންވެ ދިނާރަށްވެސް ބަލާލެވުނީ ޝައްކުގެ ނަޒަރަކުންނެވެ. އެކަމަކު ދިނާރަކީ ރަށުގައި އެންމެ އުޅެވޭ ޢާއިލާތަކުގެ ތެރެއިން ޢާއިލާއަކުން އައިސްފައިވާ ޒުވާނެކެވެ. އޭނާ ބޭނުން ކޮންމެ އަންހެން ކުއްޖަކު މިރަށުން ލިބޭނެކަން ދާރާއަށްވެސް ޔަގީންވެއެވެ. ފުރިހަމަ ސިފައެއް ލިބިފައިވުމާއިއެކު އަންހެން ކުދިންގެ އަމާޒުފަތް ގަނޑަކަށް ދިނާރު ނުވެއެއް ނުދާނެކަންވެސް އެނގެއެވެ. އެހެންނަމަވެސް ދާރާއަށް މިވަނީ އޭނާގެ ކުދިންނާއިމެދު ވަރަށް ބޮޑަށް ރައްކާތެރިވެ ފާރަވެރިވާން ޖެހިފައެވެ. އިތުބާރު ކުރެވޭ ހަމަ އެކަކުވެސް މިވަގުތު ނެތެވެ.

“މީ މަންމަ ދީފައި ފޮނުވި ހަދިޔާއެއް، ކޮތަޅުގެ އެތެރެއެއް އަދި ބަލައެއް ނުލެވޭ، މަންމަ ބުނީ ދެތިން ދޮން އަތައޭ މިކޮތަޅަށް ލީ” މިހެން ބުނެ ދިނާރު އޭނާގެ އަތުގައި އޮތް ކޮތަޅު ދާރާއަށް ދިއްކޮށްލިއެވެ. ދާރާ މާއަޅަން ހުރި ތަށި އެއްއަތާއި ގަޔާއި ދޭތެރެއަށް ލާ ހިފަހައްޓާލަމުން ދިނާރު ދިއްކޮށްލި ކޮތަޅުގައި ހިފާ އޭގެ ތެރެ ބަލާލިއެވެ. އޭނާ ބުނީ ރަނގަޅަށެވެ. އެކޮތަޅުގައި އޮތީ ދޮންވެފައި އޮތް ހަތަރު އަތައެވެ.

“ތިގޭގައި އަތަގައެއް ހުންނަނީތަ” ދާރާ އަހާލިއެވެ.

“މަންމަވެސް ގޭގައި ވަރަށް ގަސް ހައްދާނެ، ބެލްގެ މަންމަވެސް މިގޭގަ ކިހާ ގަހެއް އިންދާލާފަ މިހުރީ” ދިނާރު ހިނިތުންވެލަމުން ގޭތެރެއަށް ނަޒަރު ހިންގާލާފައި ބުންޏެވެ. އެވަގުތު ދާރާގެ ސިކުނޑިއަށް ވަރަށް ރަނގަޅު ޚިޔާލެއް އައެވެ. ލިބުނު ރަނުގެ ފުރުޞަތެއް ކަމުގައި ދެކިގެން ދިނާރާއި ވާހަކަދެއްކިއެވެ.

“މަންމަ މިއުޅެނީ މާދަމާ މިގޭގައި ބޮނޑިބަތް ކައްކާ، ހަނާކުރި މަސް ހަދަންވެގެން، މިތާ ގޯތި ތެރޭ މަސްފިހެލާ ހެދުންވެސް އޮންނާނެ، ބަލްމާ އާއި ބަތީލު އަބަދު ގޭގައި ތިބެން ޖެހުނީމަ ވަރަށް ފޫހިވާނެކަން މަންމައަށް އެނގޭ، އެހެންވެ ހިތަށް އެރީ އެކަހަލަ ކަމެއް ބާއްވާލާނީއޭ، މިކަމުގަ ދިނާރު އެބަޖެހޭ ކަމެއް ކޮށްދޭން” ދާރާ ބުންޏެވެ.

“ކޮންކަމެއް، ކޮށްދެވޭ ވަރުގެ ކޮންމެކަމެއް ކޮށްދޭނަން” ދިނާރު ޝައުގުވެރިކަމާއިއެކު ބުނެލިއެވެ. ދާރާ މެންނަކީ އޭނާ ހީކުރީހާ ހަރުކަށި ބައެއްނޫނޭ ދިނާރުގެ ހިތަށް އެރިއެވެ. އެމީހުންވެސް މިހާރު ބޭނުންވަނީ ދިނާރުވެސް ބޭނުންވާ ގޮތަށް ބަލްމާ އާއި އޭނާ ގުޅުންކަން ދިނާރަށް ޔަގީން ކުރެވުނެވެ. ދާރާގެ ހަރަކާތްތަކާއި ވާހަކަތަށް އެހުންނަނީ އެފަދަ ގޮތަކަށްވިއްޔާއެވެ.

“ދިނާރު ކޮށްދޭންވީ ކަމަކީ، ބަލްމާ އާއި ބަތީލުގެ ރަޙުމަތްތެރި ހުރިހާ ކުދިންނަށް މިގެއަށް އައުމުގެ ދަޢުވަތު ދޭންވީ، އެކަމަކު ބަލްމާ އާއި ބަތީލު ގާތު ބުނެގެން ނުވާނެ، އެމީހުން ހީވެސް ނުކުރާނެ މަންމަ މިފަދަ ކަމެއް ރާވާފާނެއޭ، ޤަބޫލެއްވެސް ނުކުރާނެ، ހެ ހެ ހެ…. އެހެންވީމަ މިކަން ދިނާރަށް ވާނެތަ، މާދަމާ އިރުއޮއްސޭ ގަޑިއަށް އެނގޭ” ދާރާ ވިސްނާލާފައި އެގެއަށް ސުލައިމާނު އަންނާނެހާ އިރު ބުންޏެވެ. އޭރު އޭނާގެ ސިކުނޑީގައި ކަންކުރާނެގޮތުގެ ފުރިހަމަ ރޭވުމެއް ރޭވިފައި ވެއެވެ. ކުރަން މިއުޅޭ ކަމެއްގެ ރެއަކާވެސް ދިނާރަށް ނުލިއެވެ. ވަރަށް ހިނިއައިސްފައި ދިނާރު ބަލާލިއެވެ.

“އެއީ ނުކުރެވޭވަރުގެ ކަމެއް ނޫން، މާގިނަ ރަޙުމަތްތެރިންނެއް ނުތިބޭނެ، ހުރިހާ ކުދިން ގާތުވެސް ބުނާނަން” ދިނާރު ހިނިއައިސްފައި ހުރެ ބުންޏެވެ.

ގަހުގައި އެވަގުތަށް ފޮޅެން ކައިރިވެފައި ހުރި ހުރިހާ މަލެއްހެން އަންބަރު ބިނދެ ނިންމާލާފައި ހަރުގަނޑުން ފޭބިއެވެ. އެތަނުގައި ހުރި ދިނާރަށް ބަލާލުމެއްވެސް ނެތިއެވެ. އޭނާ ހަރުގަނޑު ހިފައިގެން ހިނގައިގަތީ ގޯތި ތެރޭން ލާފައި ގޭގެ ބިއްދޮށް ފަރާތަށެވެ. އެއާއިއެކު ދާރާ، ދިނާރު ގޮވައިގެން ގޭތެރެއަށް ވަންނަން އައެވެ.

ސޯފާގައި ކުޝަންއެއްގައި ބޯއަޅާލައިގެން ބަތީލު އޮތްއިރު އޭނާގެ ގައިމަތީގައި ތުނިތުނި ރަޖާގަނޑެއް އަޅާލައިފައި ވެއެވެ. އެތަނުގައި ވަކިން ހުރި ސޯފާގައި ބަލްމާ އިށީނދެލައިގެން އިނެވެ. އޭނާއަށް ސިޓިން ރޫމަށް ވަން ދިނާރު ފެނުމާއިއެކު އުފަލުން އަވަހަށް ތެދުވެވުނެވެ. ނަމަވެސް ދިނާރާއިއެކު ދާރާ ހުރުމުން ބަލްމާގެ އުފާވެރިކަން އޭނާ ބޭނުންވި މިންވަރަށް ފާޅު ކުރާކަށް ނުކެރުނެވެ.

ދާރާ ކަބަޑު ހުޅުވާލުމާއިއެކު ދިނާރު ގެނެސްދިން އަތަކޮތަޅު ކަބަޑަށް ލިއެވެ. އަދި ސުލައިމާނު އަންނާނެ އިރަކަށް އިންތިޒާރު ކުރަމުން ބަތީލަށް ޖޫސް ފޮދެއް ދެވޭތޯ އޭނާ މަސައްކަތްކުރިއެވެ. އޭރު ތައްޓަށް އަޅައިގެން ގޭތެރެއަށް ވެއްދި މާތަކުން މުޅިގޭގައި ހުވަނދުލެވިފައިވާ ކަހަލައެވެ. ދާރާ ސުލައިމާނު ބުނިހެން އެމާތަށް ބަންދުކޮށްލާފައި ހުރިއިރުވެސް އެހާވަސް ގަދައެވެ.

އިރުއޮއްސި މަޤްރިބު ނަމާދަށް ގޮވަން އުޅެނިކޮށް ސުލައިމާނު، ދާރާމެންގެއަށް އައެވެ. އޭރު ދިނާރުވެސް އެގޭގައި އިނެވެ. އަންބަރު ހިތްހަމަނުޖެހިފައި ހުރުމުން އޭނާ އިނީ ގޯތިތެރޭގައި ބަހައްޓާފައި ހުރި ސަރަންފީގައެވެ.

“ޅިޔަނާ، ކޮންފިކުރެއްގަ” ސުލައިމާނު ގޭޓުން ވަންތަނާ އަންބަރު ފެނުމުން ބުންޏެވެ.

“ކޮން ފިކުރެއްތަ މިހާރު ކުރާނީ” ޖަވާބެއް ދިނުމުގެ ބަދަލުގައި އަންބަރަށްވެސް ކުރެވުނީ ސުވާލެކެވެ. ޢާއިލާގެ ހަޤީޤަތް އެނގޭ މީހަކަށް ސުލައިމާނު ވާތީއެވެ.

“އެކުން އެކަމާ މާބޮޑަށް ނުވިސްނާ، މިރޭ ކަމެއްކޮށްފައޭ އަހަރެން ދާނީ، އިރާދަކުރެއްވިއްޔާ ރަނގަޅުވާނެ، ހިނގާ އެތެރެއަށް” ސުލައިމާނު މިހެން ބުނެ އަންބަރުގެ ކޮނޑުގައި ޖަހާލިއެވެ.

“ގޭތެރޭގަ އެބައިން ދޮށީ މަންޖެ އާއި އިންނަން އުޅޭ ފިރިހެން ސޮރު، ފެންނަ ފެނުމަށް އެއްޗެއް ބުނާކަށް ނޭގޭ” އަންބަރު ސުލައިމާނަށް އަންގާލިއެވެ.

“ތިކަންވެސް ބަލާލާނަން” ސުލައިމާނަށް އަންބަރު ނުބުންޏެއް ކަމަކު އޭނާ ބުނަންބޭނުންވަނީ ކީކޭކަން އެނގިގެން ބުނެލި ކަހަލައެވެ.

“އަދިވެސް އެމަންޖެއަށް ނުތެދުވެވެނީތަ” ސުލައިމާނަށް ސޯފާގައި އޮތް ބަތީލު ފެނުމުން އަހާލިއެވެ.

“އާން، ކާއެއްޗެއް ކަނީއެއްނޫން، އެހެންނޫނަމަތާ ވަރު ހުންނާނީ، ކޮންމެ ފަހަރަކު ދެތިން ސަމްސާ ކާލާފައި ބުނަނީ ކަރަށް ތަދުވަނީއޭ، ބަނޑުގަ ރިއްސަނީއޭ، ހޮޑުލަވަނީއޭ، އެކަހަލަ އެތަށް ކަމެއް، ޑޮކްޓަރަކަށް ދައްކަން ގޮވައިގެން ދެވޭނީވެސް އާދައިގެ ކަމެއް ނަމަތާ، އަނެއްކާ ބޭރަށް ނެރޭއިރަށް ނޭނގޭވިއްޔަ ދެންވާނީ ކިހިނެއްކަމެއްވެސް، އެހެންވެ ނެރެން ނުކެރިފައި މިހުންނަނީ” ކާމޭޒު ދޮށުގައި އަންބަރާއިއެކު ސުލައިމާނު އިށީނުމުން ދާރާ ބުންޏެވެ.

“ތިހުރިހާ ސަކަރާތަކީވެސް އެއްކަމެއް، މިހާރު އެމަންޖެއަށް އެނގޭނެ އަހަރެން މިގެއަށް ވަންކަންވެސް” ސުލައިމާނު، ބަތީލަށް ބަލަން އިނދެ ބުންޏެވެ.

ސޯފާގައި އިން ބަލްމާ، ދިނާރުގެ ގާތުން އެގެއިން ދިއުމަށް އެދުނެވެ. ދިނާރަށް ހާމަނުކުރިނަމަވެސް، ބަލްމާގެ ސަބަބަކަށްވީ ސުލައިމާނު އެގޭގައި އެވަގުތު އިނުމެވެ. ދިނާރުދެކެ ހިތްހަމަ ނުޖެހިއްޖެނަމަ އޭނާ ކޮންމެފަދަ އެއްޗެކޭވެސް ބުނެދާނެއޭ ބަލްމާގެ ހިތަށް އެރީއެވެ. އޭނާ ދިނާރާއި ކައިވެނި ކުރަން ނުހަނު ބޭނުމެވެ. ދިނާރަށްވެސް ސުލައިމާނު ފެނުމުން އެގެއިން ދާން ހިތަށްއެރިއެވެ. ބަލްމާގެ އެދުމަށް އޭނާ ގޮނޑިން ތެދުވުމާއިއެކު ދާރާ ގޮވާލާފައި ދަނީތޯ އަހާލިއެވެ. މަޑުމަޑުން ބޮލުގެ އިޝާރާތުން އާނއެކޭ ބުނެލުމާއިއެކު ދުރު ދުރުގައި ފިޔަވަޅު އަޅާލުމާއިއެކު އަވަހަށް އެގެއިން ނުކުންނަން ދިނާރު ދިޔައެވެ. އަންބަރާއި ދާރާގެ އިތުރުން ސުލައިމާނުވެސް ދިނާރުގެ ހަރަކާތްތައް ހުރިގޮތް ބަލަން ތިއްބެވެ.

ދިނާރު ދިޔަތާ ގިނައިރެއް ނުވެ ސުލައިމާނު އޭނާ ކުރަން އުޅޭ ކަންތައްތަކާއި ގުޅިގެން އަންބަރާއި ދާރާ އާއި ވާހަކަދައްކަން ފެށިއެވެ. އެމީހުންނާ ވާހަކަދައްކަމުން ދިޔައީ ވަރަށް މަޑުމަޑުން ކަމަށްވާތީ ސިޓިން ރޫމުގައި އިން ބަލްމާއަށް ސުލައިމާނު ކިޔާއެއްޗެއް ސާފެއް ނުވެއެވެ. ހީވާ ގޮތުން އެމީހުން އެވާހަކައެއް އެހާ މަޑުން ދެއްކުމުގެ ބޭނުމަކީވެސް އެއީ އެވެ. އިތުރު މީހަކަށް އަޑުނީއްވުމެވެ. ބަލްމާ އިރުއިރުކޮޅާ ކާމޭޒާ ދިމާލަށް ބަލާލައެވެ. އެހެންނަމަވެސް އެއްވެސް އެއްޗެއް ނުބުނެ މަޑުމަޑުން ގޮނޑީގައި އިނީއެވެ. އިރުކޮޅަކުން ދާރާ އައިސް ބަތީލަށް ގޮވާލިއެވެ.

“އަންބަރު، ސުލައިމާނު… މި މަންޖެ ހީވަނީ ފިހިދާނެހެން” ދަރިފުޅަށް ގޮވާލަން ގައިގާ އަތްޖައްސާލި ދާރާ ކަންބޮޑުވުމާއިއެކު ބުންޏެވެ.

“ބޭސްގުޅައެއް ދޭންވީނު، މަށަށް އޭރުވެސް އެނގެޔޭ އަހަރެން މިގެއަށް އަންނައިރަށް މިކުއްޖާގެ ހާލު ބޮޑުކަން ވާނީ، ދައްތާ، މުޅި ގޯއްޗަށް ވަށައިގެން ފެންއަޅާލެވޭނޭ ވަރުގެ ބާލިދީއެއް އޮންނާނެތަ، އޮތިއްޔާ ނިކަން އެއަށް ފެންއަޅައިގެން މިތާ ސިޓިން ރޫމަށް ގެނެސްދީބަލަ، އަވަހަށް މިކަން ނުފަށްޓައިފިއްޔާ މިރޭ ވަރަށް ކަންތައް ހުންނާނެހެން ހީވޭ، އަދި ބުނަން، ޅިޔަނު މަށާއެކީ ނުކުމެ މިގޭގައި އެހެރަ ކަނީރުމާގަސް މިރޭ ކަނޑާލަންވާނެ، އޮފިތައް ބުރިކޮށް މިރެއިން މިރެއަށް އަންދާވެސް ލާންވާނެ، މިހާރު ފަށައިފިއްޔާ އިރުއޮއްސި ނަމާދަށް ގޮވަން ވާއިރަށް އަހަރުމެންނަށް އެގަސް ކަނޑާލެވޭނީ، އެންމެ ފުރަތަމަ ކަމެއްގެ ގޮތުން އެކަން ކުރާނީ” ސުލައިމާނު ބުންޏެވެ. އޭނާވެސް ހުރީ އަންބަރާއިއެކު ބަތީލު އޮތް ސޯފާ ކައިރިއަށް އައިހެވެ. ދާރާ އަވަސް އަރުވާ ލާފައި ކަބަޑެއްގެ ތެރެއިން ނެގި ފޮއްޓެއްގެ ތެރެ ހާވާލަމުން ހުމަށްދޭ ކަހަލަގެ ބޭސް ކާޑެއް ނަގައި އޭނގެން ގުޅައެއް ވަކިކޮށްލައިފިއެވެ. އަދި ކާމޭޒުމަތީ ހުރި ފެންފުޅިން ފެންތައްޓެއް ހިފައިގެން އައިސް ބަތީލަށް ބޭސްގުޅަ ދެވޭތޯ އޭނާ މަސައްކަތް ކުރިއެވެ. ބޭސްގުޅަ އެއްގޮތަކަށްވެސް ބަތީލުގެ ކަރުބުޑުން އެތެރެއަށް ދާގޮތެއް ނުވެއެވެ. ބަތީލަށް ހީވަނީ ކަރުބުޑުން ތިރިއަށް އެއްވެސް އެއްޗެއް ނުދާގޮތަށް ބެދިފައި ހުންނަހެންނެވެ. ދާރާގެ އާދޭހާއިއެކު ވަރަށް ހިތްވަރު ކޮށްގެން ބޭސްގުޅަ ދިރުވާލައިފިއެވެ. ބޭސްކެއިތާ ފަސްމިނެޓުވެސް ނުވެ ބަތީލަށް ހޮޑުލެވިއްޖެއެވެ. ދާރާ އިތުރަށް ކަންބޮޑުވާގޮތްވިއެވެ.

އަންބަރު، ސުލައިމާނު ބުނިހެން ބާލިދީއެއް ހިފައިގެން އައެވެ. އަދި އަސުރުން ފައިބައިގެން ބިނދެފައި ހުރި ހުވަނދު މާކޮޅު އަޅާފައި ހުރި ތަށިހިފައިގެން އައިސް ސޯފާތަކުގެ މެދުގައި ހުރި ކުޑަމޭޒުމަތީ ބަހައްޓައިފިއެވެ. ސުލައިމާނު އޭނާގެ ގަމީސް ޖީބުން ނެގި ފަތްޖަހާލާފައި އޮތް ކަރުދާސްކޮޅު ހުޅުވާލަމުން ބަލާލިއެވެ. އައިނު އަޅގާލީ އެކަރުދާހުގައިވާ އެއްޗެއް ސާފުކޮށް ބަލާލުމަށެވެ. އޭގެ ފަހުގައި އަންބަރަށް ބަލާލަމުން ގަސްކަނޑާލެވޭނޭ ފަދަ ތޫނު ހަތިޔާރެއް އޮންނާނެތޯ އަހާލިއެވެ. އަންބަރު އާނއެކޭ ބުނެ ބޮޑު ކޯރާޑިއަކާއި ކަތިވަޅިއެއް ގެނެސް ސުލައިމާނަށް ދައްކާލިއެވެ.

“ތި ތިއޮތީ މުޅިން ދަބަރަށްވެފަ އެންނު” ސުލައިމާނަށް އަންބަރުގެ އަތުގައި އޮތް ކޯރާޑި ފެނުމުން ބުންޏެވެ.

“މިހެން އޮތަސް ވަރަށް ތޫނުވާނެ، އެހާ ގިނައިން ބޭނުން ކުރަން ނުޖެހޭ އެއްޗަކަށްވީމަ މަށަށްވެސް އަޅާނުލެވެނީ” އަންބަރު ބުންޏެވެ. ސުލައިމާނު ކާމޭޒު ކައިރީ ގޮނޑިއެއްގައި އިށީނދެ އިނދެ ކިޔަވަންފަށައިފިއެވެ. ފުރަތަމަ ކިޔެވީ ކޯރާޑި ހިފައިގެން އިނދެއެވެ. ކޯރާޑީގެ ތިލައިގައި ދެފަހަރު ދެފަރާތުން އަތްހާކަމުން ގޮސް ކޮންމެ ފަރާތަކަށް ހަތްފަހަރު ހަމަވީމާ ހުއްޓާލިއެވެ. ދެން ހަމަ އެގޮތަށް ކަތިވަޅީގެ ތިލައަށްވެސް ކަންތައްކޮށްފިއެވެ.

“ޅިޔަނާ، މަށާއިއެކު ހިނގާ، އަހަރެން ނުބުނަނިސް ޅިޔަނު ކަމެއް ނުކުރާތި، ގަހުގައި އެންމެ ފުރަތަމަ ޖަހާނީ އަހަރެން” ސުލައިމާނު ވަރަށް ސާފުވާނޭހެން ލަސްލަހުން ބަސްތައް އަތުރާލިއެވެ. ކަމުގެ މުހިންމުކަން އަންބަރަށްވެސް ވިސްނޭނޭހެންނެވެ.

ސުލައިމާނު ގެއިން ނުކުތީވެސް އެއްޗެއް ކިޔަވާފައެވެ. އޭގެ ފަހުން އޭނާ އަޅާ ކޮންމެ ފިޔަވަޅަކާއިއެކު ތުންތަޅުވާލާ ތަން ފެނެއެވެ. އޭނާގެ ފަހަތުގައި އަންބަރު ހުރެ އާދެއެވެ. ކަނީރުމާ ގަސްދޮށުގައި ހުއްޓި އަތުގައި އޮތް ކަތިވަޅިން ގަސްވަށައިގެން ދެފޫޓުހާ ހުސްތަން އޮންނާނޭހެން ބުރެއް އަޅައިފިއެވެ. އެއަށްފަހު ކަތިވަޅި އަންބަރުގެ އަތަށް ދިއްކޮށްލާފައި އަތުގަ އޮތް ކޯރާޑިން ގަހުގެ ބުޑުގައި ޖަހައިފިއެވެ. އެވަގުތު ގޭގެ އިންފާރު ކައިރިން އަންބަރަށް ކަޅު ހިޔަންޏެއް ފެނުނުހެން ހީވިއެވެ.

“ސުލައިމާނު، އެހެރަ ދިމާލުގައި އެއްޗެއް އެބަހުރިހެން ހީވަނީ” އަންބަރުގެ މޫނުމަތިން ހާސްކަން ފާޅުވުމާއިއެކު ސިއްރު ސިއްރުން ސުލައިމާނުގެ ފަހަތުގައި ހުރެ ބުންޏެވެ. އަނގައިން ބުނުމެއްނެތި ސުލައިމާނު ފަހަތުގައި ހުރި އަންބަރަށް ބަލާލާފައި ބޮލުން އިޝާރާތްކޮށްލި ގޮތުން އިތުރަށް ވާހަކަ ނުދައްކާ މަޑުމަޑުން ހުންނަންވީކަން އަންބަރަށް ނަގައިގަނެވުނެވެ. ދެން ފެނުނީ އަނެއްކާވެސް ދެވަނަ ފަހަރަށް ސުލައިމާނު ކޯރާޑިން ގަހުގައި ޖެހިތަނެވެ. މިފަހަރު ބިންގަނޑު ތެޅިލި ކަހަލަގެ ގޮތެއްވެފައި ގަހުގެ ބުޑުން ފެށިގެން ބިންގަނޑު ފަޅައިގެން ދާފަދަ ގޮތަކަށް ފަސްތަށް އުފުލެންފެށިއެވެ. އެހެންނަމަވެސް އަޅާފައި ހުރި ވަށް ރޮނގާއި ހަމައަށް ބިންގަނޑުގައި ރެނދުލަމުން އައިސް ވަގުތުން ހުއްޓުނެވެ. ސުލައިމާނު ކުރަމުން ދިޔަ ކަމެއް ހުއްޓާނުލާ ކުރިއަށް ގެންދިޔައެވެ. އުހަށް ހެދި ފައި ހުރި ބޮޑުގަސް ބިމާއި ހަމަކޮށްލިއެވެ. އަދި އޭގެ އިތުރުން އަންބަރާއި ދެމީހުން ވެގެން ގަހުގެ ބުޑުގަނޑުވެސް މޫ ތަކާއިއެކު ކޮނެގެން ނެނގިއެވެ. އެއަށްފަހު ގަހުގެ ގޮފިގަނޑުތައް ކުދިކޮށް، ގަސްހުރި ތަނަށް އެއްކޮށްފައި އޭގައި ރޯކޮށްލައިފިއެވެ. ރޯވެފައި ހުރި ބޮޑު އަލިފާން ގަނޑުން ކަނިތައް ބުރަބުރައިގެން ވައިގެތެރެއަށް ދާތަން ފެނެއެވެ. ރޯގަހަކަށްވިޔަސް ހުޅުހިފީ ވަރަށްވެސް ގަދައަށެވެ. އަނދަމުން ދިޔައިރު އަލިފާނުގެ ހޫނުކަން ފަޒާގެ ތެރޭގައި ހިފަމުން ދިޔައެވެ. ދުންއަރާތީ ހިސާބުގަނޑު މީހަކު އައިސް އެގޭ ގޭޓުގެ ކުރިމަތީ ހުއްޓި އަންބަރަށް ގޮވާލިއެވެ. އޭނާއަށް ޖަވާބު ދިނުމުގެ ކުރިން އަންބަރަށް ބަލާލެވުނީ ސުލައިމާނަށެވެ. ވާހަކަދެއްކުމުގެ ހުއްދައަކަށް އެދޭފަދަ ގޮތަކަށެވެ. އެހިނދު ސުލައިމާނު ބޯޖަހާލައިފިއެވެ.

“މިގަސް މާބޮޑުވީމަ އުނދަގޫވާތީ ކަނޑާލައިގެން މިއުޅެނީ” އަންބަރު މިހެން ބުނުމާއިއެކު އަވަށްޓެރިޔާ އޭނާ އައިދިމާލަށް ހިނގައިގަނެއްޖެއެވެ. ސުލައިމާނާއި އަންބަރު އަލިފާންގަނޑު ކުޑަވަމުންގޮސް ނިވުމުން ފަސްގަނޑުމައްޗަށް ފެންޖަހާ އަޅިތައް ނުބުރާނޭހެން ހަދައިފިއެވެ. ފެންޖެހީ ސުލައިމާނުގެ އަތުންނެވެ. އޭރު މަޤްރިބު ނަމާދަށް ގޮވައިފިއެވެ. އެހެންވެ ގެއަށް ނުވަދެ އަންބަރާއި ދެމީހުން ހިނގައިގަތީ މިސްކިތާ ދިމާލަށެވެ. މިސްކިތަށްވަދެ އަތްފައި ދޮވެ ވުޟޫކޮށްލައިގެން ދެމީހުން ނަމާދަށްއެރިއެވެ.

ދާރާ، ބަތީލުގެ ގައިގާ ހިފަހައްޓާލައިގެން ފިރުމާލަ ފިރުމާލައިނެވެ. ސުލައިމާނު ގޭން ނުނިކުތުމަށް ބުނެފައި އޮތުމުން އެމީހުން ވީތަނެއް ބަލާލަންވެސް ދޮރުހުޅުވާލާކަށް އޭނާއަކަށް ނުކެރުނެވެ. ހައްތަހާވެސް ދެބެން ގޮވައިގެން އެކަނި ގޭގައި އިންނަންޖެހޭތީ އޭނާ ކަންބޮޑުވަނީއެވެ. އިޝާ ނަމާދަށް ގޮވަން ކައިރިވުމާއިއެކު އިތުރަށް އިންނާކަށް ނުކެރުނެވެ. ކޮޓަރިއަށް ގޮސް އައީ ނަމާދު ކުރަން ތައްޔާރުވެލައިގެންނެވެ. އެއައި ގޮތަށް ސިޓިން ރޫމަށް ނަމާދަށް އަރައިފިއެވެ. ދެބެން ބަސްއަހައިގެން އެއްސޯފާއެއްގައި ތިއްބެވެ.

ހޭލެވިފައި މާގިނައިރެއް ނުވެއެވެ. އަނެއްކާވެސް ބަތީލަށް ނިދޭގޮތްވަނީއެވެ. ނިދިޖެހުމާއިއެކު ފެންނަނީ ގެއާއި ހިސާބަކަށް ދުރުގައި ހުރި މީހެކެވެ. ބައެއް ފަހަރަށް އެއީ މިންހާޖުއޭވެސް ހީވެއެވެ. އަނެއްބައި ފަހަރު މުޅިން ނުދަންނަ މީހެކެވެ. ކޮންމެ މީހަކަށް އެމީހާ ވިޔަސް އެމީހަކު ބަތީލަށް ގޮވަނީއެވެ. އޭނާގެ ގާތަށް އަންނާށޭ ބުނަނީއެވެ. ބަތީލުވެސް ދާހިތްވެއެވެ. އެހެންނަމަވެސް ސިކުނޑީގެ ކޮންމެވެސް ހިސާބަކުން އެކަމަށް އޭނާއަށް ހުރަސްވެސް އަޅައެވެ. ނުދާނަމޭ ބުނަން ބޭނުންވެއެވެ.

ސުލައިމާނާއިއެކު އަންބަރު އައިސް ގެއަށް ވަނީ އިޝާ ނަމާދަށް ފަހުގައެވެ. ދާރާ ސުވާލުގެ ނަޒަރަކުން އަންބަރަށް ބަލާލިއެވެ. ހުރިހާ ކަމެއް އެނގެން އޭނާ ބޭނުންވެފައި ހުރި ކަހަލައެވެ.

“އެކަން ނިމިއްޖެ، މިހިރަ ފެންބާލިދީގެ މަސައްކަތް ފަށަން ސުލައިމާނު އެއުޅެނީ” އަންބަރު ބުންޏެވެ.

“ދައްތާ، ހަތިމެއް ގެނެސްދީބަލަ، ދެން ހިނގާ މިކުދިން ނިދާ ކޮޓަރިއަށް، އެތަނުގައި އިނދެގެން ކިޔަވާނީ” ސުލައިމާނު މިހެން ބުނެފައި ފެންބާލިދީ ހިފައިގެން ބަތީލުމެން ނިދާ ކޮޓަރިއަށް އައެވެ. އަދި ދާރާ ގެނެސްދިން ހަތިމުން ސުލައިމާނު ކިޔަވަން ބޭނުންވާ ބައި ހޯދައި ކިޔަވަން ފަށައިފިއެވެ. ބަތީލުގެ އެނދުގައި އިނދެ ސުލައިމާނު ކިޔަވަމުން ބިނދެފައި ހުރި މާތަކުން ފަހަރަކު މަލެއް ފެންގަނޑަށް ވައްޓަމުންދިޔައެވެ. އެކަން ކޮށް ނިމުމާއިއެކު ސުލައިމާނު ދާރާއަށް ގޮވާލިއެވެ.

“ދައްތާ، އަހަރެން މިއުޅެނީ ދެކުދިންގެ ގަޔަށް މިފެން އަޅަންވެގެން، އެހެންވީމަ ދައްތަވާނެ އަހަރެން މިކަން ކުރާއިރު ފާޚާނާ ކައިރީގައި ހުންނަން، އަންހެން ކުދިންވީމަ، މަންމަގެ ކުރިމަތީގަތާ މިކަން ކުރަން އެންމެ ރަނގަޅުވާނީ، ދެން އަދި ބުނަން، ކޮންމެ ކުއްޖަކު ބުރުގާއެއް އަޅުވައިގެން ގެންނައްޗޭ” ސުލައިމާނު ބުންޏެވެ.

“އެކުދިން ގެންނަންވީ ދޯ، އެހާ ތުނި ނޫން އެއްޗެއް ލައްވާފަ ބަހައްޓައިގެން ފެންއެޅުން ދޯ ރަނގަޅުވާނީވެސް، މިއަންނަނީ އެއްޗެހި ބަދަލު ކުރުވައިގެން، ސުލައިމާނު، އެންމެ ފުރަތަމަ ބަތީލު ގަޔަށްތަ ފެންއަޅާނީ” ދާރާ މިހެން އެހުމުން ސުލައިމާނު ޖަވާބު ދިނީ އޭނާ ބޭނުންވެފައި ހުރި ގޮތަކަށް ނޫނެވެ. ސުލައިމާނު އެންމެ ފުރަތަމަ ފެންއަޅަން ނިންމީ ބަލްމާގެ ގަޔަށެވެ. އެހެންވެ ދާރާ ދެކުދިން ތައްޔާރުކޮށްގެން އައެވެ. އަދި ބަލްމާގެ ގަޔަށް ސުލައިމާނު ފެންއަޅަމުން ދިޔައީ އަޑުހަރުކޮށް ކިޔަވަމުންނެވެ. ދެކޮނޑަށާއި ބޮލަށް ފެންއެޅުމާއިއެކު ރީތިކޮށް ދެފައި ތިލައިގެ އިނގިލިތައް ވަކިވާނޭހޭން ދޮވުމަށް ސުލައިމާނު ބަލްމާ ގާތު ބުންޏެވެ. އޭގެ ފަހުގައި ބަތީލަށްވެސް ހަމައެފަދައިން ކަންތައްކުރިއެވެ. އެހެންނަމަވެސް ދާރާއަށް ޖެހުނީ ބަތީލުގެ ގައިގާ ހިފަހައްޓާލައިގެން ހުންނާށެވެ. ފެންއަޅަން ފެށުމުން ބަތީލަށް ރޮވެންފެށުނެވެ. އޭނާގެ ގައިގާ ރިއްސާތީއެވެ. ބަނޑަށް އުނދަގޫވާތީއެވެ.

“މަންމާ… މަންމާ… އައްދޯއި… މަގޭ ބަނޑު” ބަތީލު ފާޚާނާގައި ހުރެފައި އެތަނުން ނުކުންނަން އުޅުނެވެ. އެހަށިގަނޑަށް ބާރު ލިބިގެން ދިޔައީ ކިހިނެއްކަމެއްވެސް ނޭނގެއެވެ. ދާރާއަށް ލިބުނީ ކުއްލި ސިހުމެކެވެ. ދަރިފުޅުގެ އަތުގައި ވަގުތުން ހިފުނެވެ. ސުލައިމާނުވެސް ހުރީ ވަރަށް ހުޝިޔާރުވެއެވެ. މިފަދަ ކަމެއް ވެދާނެކަން އޭނާއަށް އެނގޭ ކަހަލައެވެ. އޭނާވެސް ބަތީލުގެ ގައިގާ ހިފެހެއްޓިއެވެ. ނަމަވެސް ބަތީލު ގަދަ ދައްކަމުން ދިޔައީ އެތަނުން ނުކުތުމަށެވެ. ސުލައިމާނު އެންމެ ފަހު ފެންޖަގު ބަތީލުގެ ބޮލަށް އަޅާލުމާއިއެކު އޭނާ ޚަބަރު ހުސްވެގެން ވެއްޓެން އުޅުނެވެ. އެހިނދު ނިކަން ބާރަށް ދާރާ، އަންބަރަށް ގޮވާލިއެވެ.

ދާރާ ދަރިފުޅު ގެނެސް އެނދުމަތީގައި ބައިންދައިގެން ބަލްމާގެ އެހީގައި ބަތީލުގެ ގައިގާ ހުރި ތެތްއެއްޗެހި ބަދަލުކުރިއެވެ. އަދިވެސް ދާރާގެ ހިތަށް ހަމަޖެހުމެއް ނުލިބެއެވެ. އޭނާގެ މޫނު މަތިން ފެންނަމުންދަނީ ހާސްކަމާއި ކަންބޮޑުވުމެވެ. މިކަމަށް ނިމުމެއް އަންނާނެ އިރެއްގެ އިންތިޒާރުގައި ހުރިކަހަލައެވެ.

ބަލްމާގެ އެހީގައި ދާރާ، ބަތީލު އޭނާގެ އެނދުގައި ބާއްވާލާފައި ގައިމަތިން ރަޖާއަޅާލިއެވެ. ބަތީލުގެ ހަތަރެސްފައި ހުރީ ވަރަށް ފިނިވެފައި ކަމުންނެވެ. އަދި ބަލްމާ ގާތު ސުލައިމާނާއި އަންބަރު ގާތު އެކޮޓަރިއަށް އައުމަށް ބުންޏެވެ.

“ކޮއްކޮ ދޭބަލަ ބައްޕަ އާއިއެކު އެފަރާތަށް، ވަރަށް ފައްކާ ޕްރޮގްރާމެ އެބަ ދައްކާ ޓީވީގަ” ސުލައިމާނު، ބަލްމާއަށް މިހެން ބުނެލީ ކުޑަކުއްޖަކު ހައްދާލަން ބުނާފަދަ ގޮތަކަށެވެ. ބަލްމާ ގާތަށް ހިނިއަންނަގޮތްވިޔަސް އޭނާ ހިނިގަނޑު އެތެރެއަށް ހިންދާލައިގެން އެކޮޓަރިން ނުކުތެވެ. ސުލައިމާނު ދައްކަން އެއުޅޭ ވާހަކައެއް އަޑުއެހުމަށް ޝައުގުވެރިކަން އުފެދިފައި ވުމާއިއެކު ބަލްމާ ހުރީ އެތަނުން ދާހިތަކުންނޫނެވެ. އެހެންނަމަވެސް މަންމަމެން އެހާ ހާސްވެގެން އުޅޭއިރު އޭނާގެ ސަބަބުން އިތުރު ހާސްކަމެއް އެމީހުންނަށް ލިބުން ބަލްމާ ނޭދެއެވެ. މަޑުމަޑުން އޭނާ ކޮޓަރިން ނުކުމެގެން ހިނގައިގަތުމާއިއެކު އޭނާގެ ފަހަތުން އަންބަރުވެސް އައެވެ.

“ދައްތާ، މިވަރުން އަދި ނުވާނެ، މާދަމާރޭ އަހަރެން އައިސް މި މަންޖެ ބާއްވާއިގެން ކިޔަވާނީ” ސުލައިމާނު ބުނަން ބޭނުންވި ހަޤީޤަތް ދާރާގެ ގާތު ހާމަކުރަން ފަސްޖެހުނެވެ. އެހެންނަމަވެސް އޭނާ ކަމުގެ ހަޤީޤަތްވަނީ އަންބަރަށް ކިޔާދީފައެވެ. ޖިންނި ފަރާތު ކަމަކަށްވާއިރު، އެއެއްޗެއް ހުރީ ބަތީލުގެ ހަށިގަނޑުގެ ތެރެއަށް ވަދެކަން ވަނީ ބުނެފައެވެ. މީގެ ކުރިން އެކަމެއް ހިނގަނީ ރޭގަނޑު ކަމަށްވިޔަސް، މިހާރު އެ އެތި ބަތީލުގެ ހަށިގަނޑުން ނުކުންނަ ޚިޔާލެއް ނުކުރާކަމެވެ. ގިނަދުވަސް ވަންޏާ އެކަމުގެ ގެއްލުން ބަތީލަށް ވަރަށް ބޮޑަށް ފޯރާނެކަންވެސް ސުލައިމާނު ވަނީ އަންބަރު ގާތު ބުނެފައެވެ. އެހެންވެ އޭނާ ބޭނުންވަނީ ޖެހިގެން އަންނަރޭ ކިޔަވައިގެން އެ އެތި ބަތީލުގެ ހަށިގަނޑުން ނެރޭށެވެ. ބޮޑު ރެއަކަށް ވާނެކަން ސުލައިމާނަށްވެސް އެނގޭތީވެ އެކަން އޭނާ އަންބަރަށްވެސް ވިސްނާދިނެވެ. ދާރާއަކީ ކުދިންގެ މަންމައަށްވާތީ، ބަތީލު ހުރި ނާޒުކު ހާލަތުގެ ވާހަކަ އޭނާއަށް ކިޔާދިނުން މިވަގުތު އެހާ ރަނގަޅުނުވާނެ ކަމުގަވެސް ބުނީ ސުލައިމާނެވެ.

“ކީއްކުރާ ފެނެއްތަ ދެން މިއެޅީ” ކަންބޮޑުވެފައި އިން ދާރާއަށް އަހާލެވުނެވެ. އަޑުގައި ޝަކުވާގެ އަސަރު އެކުލެވިފައި ހުއްޓެވެ.

“ދައްތާ، މީ އެއްފަހަރާ ކޮށް ނިންމާލެވޭ ކަންތައްތަކެއް ނޫން، އެސޮރު މިގެއަށްވަދެ ހާލި ހަދައިގެން އެއިންނަނީ މިގޭ ގަހުގަ، އެހެންވެ އެގަސް މިކަނޑާލީ، މިހާރު އޭތި މަސައްކަތް އެކުރަނީ ބަތީލު ބޭރަށް ގެންދަން، ދައްތަ ވަރަށް ހުޝިޔާރުވާންވާނެ، ނޭނގި ހުއްޓާ މިކުއްޖާ ނުކުމެގެން ހިނގައިދާނެ، މީހަކަށް ނުވެސް އެނގޭނެ، އެހެންވެ ވަރަށް ރަނގަޅަށް ބަލަންވާނެ، އަބަދުވެސް ފެންނަ ހިސާބުގައި ބަހައްޓާތި، ވަރުދެރަވެގެން ނުތެދުވެވިފަ އޮތަސް ނައްޓާލަ ފާނެ ބޭރަށް، އެކަހަލަ ވަގުތު ތަކުގައި ވަރަށް ބާރު ދައްކަން އުޅޭނެ، އަސްލު އެއީ އޭނާގެ ބާރެއްނޫން” ސުލައިމާނު ބުންޏެވެ.

“މިރެއަށް ދެން ތި ނިންމާލީތަ، އިތުރު ކަމެއް ދެން ނުކުރާނަންތަ، ބުނީމެންނު ގެ ވަށައިގެން ފެންއަޅާނެ ވާހަކަ، އަހަރެން މިހާރު ދެބެންގެ ރައްޓެހިންނަށްވެސް ދައުވަތު ދީފިން، ސުލައިމާނު ބުނީމެންނު އެމީހުންގެ ތެރޭން މީހަކު ކުރާކަމެއްނަމަ އެނގޭނެޔޭ، ޖެހޭނީ އެމީހުން މިގެއަށް ގެންނާށޭ” ދާރާ ކޮޓަރީގެ ދޮރުމަތީގައި މަޑުކޮށްލައިގެން ހުރެ ސިއްރުން ސުލައިމާނާއި ވާހަކަދެއްކިއެވެ.

“ހުރިހާ ކަމެއް ނިމުނީކީ ނޫން، ގެ ވަށައިގެން ފެންއަޅާފައި އަހަރެން ދާނީ، އޭރުން ދެން ނުކެރޭނެ މިގޭ ތެރެއަށް އެކަހަލަ އެއްޗަކަށް ވަންނާކަށް” ސުލައިމާނު ބުންޏެވެ.

އަންބަރު އަނެއްކާވެސް ފެންހުސްކުރި ބާލިދީއަށް ފެންއަޅައިގެން ގެނެސް ސުލައިމާނު ކުރިމަތީ ބަހައްޓައިފިއެވެ. އެއާއިއެކު އޭނާ އެ ފެނަށް ކިޔަވަން ފެށިއެވެ. ސިޓިން ރޫމުގައި އިނދެ ކިޔަވާ ނިމުމާއިއެކު އަންބަރުގެ ގާތުގައި ފެންބާލިދީ ތެރެއިން ފެންނަގާނޭ އެއްޗެއް ގެނެސް ދިނުމަށް ބުންޏެވެ. އަންބަރު އައިސް ކަބަޑު ހުޅުވާލުމާއިއެކު ފެނުނީ ދާރާ ކައެއްޗެހި މިނަން ގެންގުޅޭ ކުޑަ ޖަގެކެވެ. އޭތި ހިފައިގެން އައިސް ސުލައިމާނަށް ދިއްކޮށްލިއެވެ.

“ޅިޔަނާ، މީ ދައްތަ ކައްކަން ބޭނުންކުރާ އެއްޗެއްނު، މިނޫން އެއްޗެއް ގެނެސްދީ، ބޭނުންނުކުރާ ދަޅެއްވިޔަސް އެންމެ ރަނގަޅު، ފެން ހަރުލާފަދަ ކޮންމެ އެއްޗެއް ރަނގަޅުވާނެ، މިކަން ކޮށްފައި އެ އެއްޗެއް ދެން ޖެހޭނީ އެއްލައިލާން، އެހެންވެ މިބުނީ ބޭނުންނުކުރާ އެއްޗެއް ގެންނަން” ސުލައިމާނު މިހެން ބުނުމުން އަންބަރު ހިނގައިގަތީ ދާރާގެ ގާތަށް އެކޮޓަރިއަށް ދިއުމަށެވެ.

ދާރާ ބަދިގޭގެ ކަބަޑުތަކުން ކަބަޑެއްގެ ބިއްދޮށުގައި ހުރި ޕްލާސްޓިކު ޖޯޑެއް ނަގާ އަންބަރަށް ދިއްކޮށްލިއެވެ. އެހިނދު އަންބަރު، ސުލައިމާނު ބުނި އެއްޗެއް ދާރާއަށް ހަނދާންކޮށްދިނެވެ.

“އާން، މީ މިހާރު ބޭނުން ނުކުރާ ޖޯޑެއް، ޕްލާސްޓިކުވީމަ އެއްވެސް ކުއްޖަކު މިތަށީގައި އެއްވެސް އެއްޗެއް ބޯކަށް ބޭނުމެއް ނުކުރޭ، އަދިވެސް އާކޮށް ހުރީމަ އެއްލާލަން ނުކެރިގެން ކަބަޑަށް ލީ ގޮތަށް މަވެސް ހަނދާންނެތުނީ” ދާރާ ދިއްކޮށްލި ޕްލާސްޓިކު ޖޯޑުގައި އަންބަރު ހިފުމުން ބުނެލިއެވެ.

ސިޓިން ރޫމު ދޮރުން ގޭގެ ގޯތިތެރެއަށް ސުލައިމާނު ނުކުންއިރު އޭނާގެ އަތުގައި ފެންޖޯޑެއް އޮތެވެ. އަންބަރު ނުކުތުމުގެ ކުރިން އޭނާ ސިޓިން ރޫމު ދޮރުމައްޗަށް ފެންޖޯޑުން ފެންބުރުއްސަން ފެށިއެވެ. އެއްވެސް ވާހަކައެއް ނުދައްކާ ހުރެ ތުންތަޅުވަމުން ދާއިރު ސުލައިމާނު ކޮންމެވެސް އެއްޗެއް ކިޔަވަނީކަން އެނގޭހާވެއެވެ. ފެން ބާލިދީ ހިފައިގެން އަންބަރު ހުރީ ސުލައިމާނުގެ އިޝާރާތަކަށް ބަލަބަލައެވެ. ހާއަޅާގޮތަށް ސިޓިން ރޫމު ދޮރުމަތީ އަތުރާފައި ހުރި ގާތަށް އެކީހެން ތެމިއްޖެއެވެ. އަދި ސުލައިމާނު އަންބަރަށް އަތުން އިޝާރާތް ކޮށްލާފައި އޭނާ އާއިއެކު އައުމަށް ބުންޏެވެ. ސުލައިމާނު ހުސް ޖޯޑު ބާލިދީގެ ތެރެއަށް ލާފައި އޭގެ ފުރައި ފެންނަގައިފިއެވެ. އެއާއިއެކުހެން ސިޓިން ރޫމު ފާރު ކައިރިން ފެށިގެން ގޭގެ ބިއްދޮށް ފަރާތަށް ވާގޮތަށް ފެން އަޅަމުން ކުރިއަށް ދިޔައެވެ. މުޅިގެ ވަށާޖެހެންދެން ފެން އަޅާ ނިމުމުން ދެން އޭނާ ފެށީ މަގުން ގެއަށް ވަންނަން ހުރި ގޭޓު ކައިރިންނެވެ. ގޭޓު ދޮށަށް ފެން އަޅަމުން ކަނާތްފަރާތުން ލާފައި އައިސް ގޯތީގެ އިންފާރުގެ އެތެރެއަށް ފެންއަޅާ ނިންމާލައިފިއެވެ. އެކަން ނިމުމުން ފެން އަޅަން ގެންގުޅުނު ޖޯޑަށް ތިން ފަހަރު މަތިން ފުމެލާފައި ޖޯޑު ފަޅާލައިފިއެވެ. އަދި ސުލައިމާނުގެ އަތުން އޭތި ގެނެސް ކުނިއެއްޗެއް އޭނާ ލައިފިއެވެ. ގޭތެރެއަށް ނުވެސް ވެއްދިއެވެ. އޭނާ އޭތި އެއްލާލީ ގޯތިތެރޭގައި ހައްދާފައި ހުރި ގަސްތަކުން އެޅޭ ކުނިބުނި އަޅަން ތައްޔާރު ކޮށްފައި ހުރި ޑަސްބިނަށެވެ. އޭރުވެސް އަންބަރު އެއްވެސް ސުވާލެއް ކުރުމެއްނެތި ސުލައިމާނާއިއެކު ހުއްޓެވެ. ދެން ފެނުނީ ސުލައިމާނުގެ އެދުމަށް އުއްދައްޔެއް އަންބަރު ގެނެސްދިންތަނެވެ. އުދަލި ހިފައިގެން ސުލައިމާނު ދިޔައީ ގަސްކަނޑާލި ތަނަށެވެ. އެތަނުގައި ފެންއަޅާ ނިއްވާލާފައި ހުރި އަޅިތަކުގެ މައްޗަށް ފަސްއަޅައި ފޮރުވަން ފެށިއެވެ. ސުލައިމާނު ގަހުގައި ރޯކޮށްލީ ގަހުގެ ބުޑުގަނޑު ނެގުމުން ހެދިފައިވާ ވަޅުގަނޑަށް ގަހުގެ ގޮފިތައް ބުރިބުރިކޮށްފައި އަޅާލައިގެންނެވެ. އެހެންވެ މިހާރު އެވަޅުގަނޑަށް ފަސްއަޅާ އެއްވަރު ކުރަނީއެވެ.

“ދައްތާ، ދެން ހާސްވާނެ ކަމެއްނެތް، އެމީހަކު މިގެއަށް ވަދެފަ ނުކުންނައިރަށް އެނގުންވާނެ، އެވަރު މިކޮށްދިނީ، ދެން އަދި ވާހަކައެއް އަހާލަން ބޭނުން” ކޮޓަރީގެ ދޮރުމައްޗަށް ދާރާ ނެރުމަށްފަހު މަޑުމަޑުން ސުލައިމާނު ބުންޏެވެ.

“އެމަންޖެއަށް އިރުއިރުކޮޅާ މިކަމެއް ދިމާވާކަށް އަހަރެން ބޭނުމެއްނޫން، ދެން އެނގޭނީ މިރޭ ވާގޮތަކުން، އެމަންޖެއަށް އެއްވެސް އުނދަގުލެއް ނުވެ ރޭވެނިމިދާނަމައޭ ހިތަށް އަރާ” ދާރާ އަދިވެސް ހުރީ ހާސްކަމުގެ ތެރޭގައެވެ.

“އެއްރެއިން މިކުރެވުނީ ވަރަށް ބޮޑުވަރު، ދެން މިރޭ ކަމެއް ދިމާވެއްޖެއްޔާ އަހަންނަށް ގުޅާ، އަހަރެން ފޯނު ނަގާނަން” ސުލައިމާނު ބުންޏެވެ.

“ކަމެއްވާއިރަށް އަހަރެން ސުލައިމާނަށް ގުޅާނަން، ދެން އެހެން ވަކި ކާކު ހުރީ ދައްތަ ގުޅަންވެސް، ދެން ބުނެބަލަ، ކީކޭ އަހަންތަ އުޅުނީ” ދާރާއަށް ސުލައިމާނު ބުނި އެއްޗެއް އަޑުއިވުނުކަން ސުލައިމާނަށް އެނގުނެވެ.

“އަނެއް މަންޖެގެ އުނަގަނޑުގައި ބަޑިއެއް ދޯ އަޅުވާފަ އެއޮތީ، އަހަރެން ބޭނުން އޭތި ބަލާލަން” ސުލައިމާނު ނޫން ގޮތަށް ބުނެލިއެވެ. ފަހަރެއްގައި ދާރާ ހިތްހަމަ ނުޖެހިދާނެއޭ ހިތާއެވެ.

“ނިޒާރުބެ އެމަންޖެގެ އުނުގައި އަޅާށޭ ކިޔާފައި ދިން ތަވީދެއް އެއީ، އަންބަރު އެއޮތީ އޭތި ބަޑިއަކަށް ލާފައި، އަދި ދިން ނިދާއިރު ބޯދަށަށް ލާށޭ ކިޔާފައި އެއްޗެއް، ދެން ދޮރުމަތީ ހަރުކޮށްފައިވެސް ހުންނާނެ ނިޒާރުބެ ދިން އެއްޗެއް، މިހާރު އޭގެ ފަހުން ބަލްމާ ރަނގަޅު، އެކަމަކު ނިޒާރުބެ ބުނި އޭތި ހިއްޕީމަ ގެ ހުންނާނީ ރައްކާތެރިވެފައޭ، އަހަރެން ހިތަށް އަރަނީ ކީއްވެބާއޭ ބަތީލަށް މިގޮތްތަކެއް ދެން މިވަނީ، ހަޤީޤަތުގައި އެމަންޖެއަށް އެއްވެސް އުނދަގުލެއް ވެގެން ނުވާނެއެންނު ދޯ” ދާރާ ތަފްޞީލުކޮށް ކިޔާދިނެވެ. އަދި ބަލްމާ ނިދަން ބޯދަށަށް ލާން ދީފައި އޮތް ކަރުދާކޮޅު ގެނެސް ސުލައިމާނަށް ދައްކާލިއެވެ. އޭނާ އެގޭ ދޮރުމަތީގައި ހިއްޕާފައި ހުރި ކަރުދާސްކޮޅުވެސް ބެލިއެވެ. ބަލްމާގެ އުނުގައި އޮތް ބަޑީގެ ތެރޭގައި ރައްކާކޮށްފައި އޮތް ތަވީދު ނުބެލުނީ އެތަވީދު ކަނޑާލަން ޖެހޭތީއެވެ. މިވަގުތު އެއީ ރަނގަޅު ކަމެއްކަމުގައި އަންބަރަށް ނުފެންނަ ވާހަކަ ބުނުމުން އެކަމަށް ބާރުލާން ސުލައިމާނަށްވެސް ނުކެރުނީއެވެ. އެހެންނަމަވެސް ސުލައިމާނުގެ ހިތުގައި އެ އެއްޗިއްސަށް ވަރަށް ބޮޑު ޝައުގުވެރިކަމެއްވަނީ އުފެދިއެވެ.

“ދައްތާ، މީގައި އެއްބައި މަދެންނު، އެކަމަކު މީ ވަރަށް ވަރުގަދަ އެއްޗެއް، މިހިރީނު ބަލާބަލަ، އަކައިގައި މިލަފްޒުތައް ހުރެފައި މިކޮޅަށް އަނބުރާލާފައި ދެ ގުއްބުހެން އޮންނައިރު މިތާ މަތީގައި އަދި ލިޔަންޖެހޭނެ އެއްޗެއް، އޭރުން…” ސުލައިމާނު އޭނާއަށް އެނގޭ އެއްޗެހި ކޮންމެވެސް ވަރަކަށް ދާރާ އާއި އަންބަރަށް ކިޔައިދެމުން ދިޔައެވެ. އެމީހުންނަށް އޭނާ ކިޔާ އެއްޗެއް ސާފުނުވިޔަސް، ނިޒާރުބޭގެ ކަރުދާސްކޮޅުތަކުން ދައްކާ ތަންތަން ފާހަގަކުރަމުންދިޔައެވެ.

“އަސްލު ދެން މިހެން ވެދާނެ ދޯ، ނިޒާރުބޭ އެހުރީ ވަރަށް ބޮޑަށް މުސްކުޅިވެ ލޯބޯކޮށިވެފަ ވިއްޔަ، މިކަންވެސް އޭނާއަށް ޖެހޭނި އެހެން މީހަކު ކޮށްދޭން، އެހެންވެ ވާގޮތްމީ” ސުލައިމާނު އޭނާގެ ޚިޔާލަށް ފެނުނުގޮތް ފާޅުކުރިއެވެ.

“ތިއެއްޗެހި ފުރިހަމަ ނުވަންޏާ ދެން ކިހިނެއް ހަދާނީ، އަހަރުމެންނަށް ނޭނގޭނެ ދޯ ތީގަ ކޮންމެ ގޮތަކަށް އެއްޗެއް ލިޔެފައި ހުއްޓަސް، ހަމައެކަނި މިފެންނަނީ ގޮތްގޮތަށް ދަމާފައި ހުންނަ ރޮނގުތަކާ، އަރަބި އަކުރުތައްވިއްޔާ، ބައެއްފަހަރު އިސްމުފުޅުހެންވެސް ހީވޭ، ސުލައިމާނު، ބުނެބަލަ މިކަމަށް ޚައްލެއް، ނިޒާރުބޭ މިހާރުނެތް މިރަށުގަވެސް، ރާއްޖޭން ބޭރަށް ގޮސްވީ، އަންނާނެ ދުވަހެއްވެސް ނޭނގޭ” ދާރާ ބުންޏެވެ.

“އަހަންނަށް މިހުރިހާ އެއްޗެއް އެނގޭ، ދެން އަންނަ ރެއަކުން އަހަރެން ގެންނާނަން ތައްޔާރުކޮށްގެން، މިވީގޮތުން ބޮޑު މަންޖެގެ އުނުގައި އަޅާފައި އޮތް އެތިވެސް ޖެހޭނެ ބަލަން، ރަނގަޅިއްޔާ އެއޮތްގޮތަށް އަނެއްކާވެސް ބަޑިއަށް ލާފައި އަހަރެން އަޅުވައި ދޭނަން، އޭރުން އިރާދަކުރެއްވިއްޔާ އެއްވެސް މައްސަލައެއް ނުޖެހޭނެ” ސުލައިމާނު ބޭނުންވާ ގޮތް ހާމަކުރިއެވެ.

ރޭގަނޑުގެ ކެއުން އެހެން ރޭރެއަށްވުރެ ލަސްވެގެން ދިއައީ ސުލައިމާނު ކުރަންހުރި ކަންތައްތަކުގެ ސަބަބުންނެވެ. ބަތީލަށް ކޮޅަށް ހުރެވޭވަރު ވުމުން އޭނާ އަތުލަފިކޮށްލައިގެން ދާރާ ސިޓިން ރޫމަށް ނުކުތެވެ. އަދި ސޯފާގައި ބަތީލު ބައިންދާފައި ކާމޭޒުމަތި ތައްޔާރު ކުރަން އުޅުނެވެ. ބަލްމާ އޭނާގެ ކޮއްކޮގެ ގާތުގައި ސޯފާގައި އިށީނދެލައިގެން އިންއިރު އޭނާގެ އުނގުގައި ބަތީލު ބޯއަޅާލައިގެން އޮށޯވެލިއެވެ. އެހިނދު ބަލްމާ މަޑުމަޑުން ބަތީލުގެ ނިތްކުރި އާއިއެކު ބޮލުގައި ފިރުމަންފެށިއެވެ. ގޭތެރޭގައި ހިނގަނީ ކޮންކޮން ކަމެއްކަން މާރަނގަޅަކަށް ބަތީލަށް ފަހުމްވާގޮތެއް ނުވެއެވެ. ސުލައިމާނު ދެން ކުރާނީ ކޮންކަމެއްކަންވެސް އޭނާއަށް ނޭނގެއެވެ. އެކަމަކު ސުލައިމާނުގެ ސަބަބުން އޭނާގެ ހަށިގަނޑުގައި ވަރަށް ވޭން އަޅައެވެ. ނަމަވެސް ސުލައިމާނު އެގެއަށް ނާންނާނޭ ގޮތެއްވެސް ބަތީލަކަށް ނުހެދޭނެއެވެ. އަންބަރާއި ސުލައިމާނު ކައިނިންމާފައި ނުކުތީ ގޯތިތެރެއަށެވެ. ސިނގިރޭޓެއް ބޯލުމަށެވެ. ދާރާ، ބަލްމާއަށް ކާން ގޮވުމަށްފަހު، އޮރެންޖު ޖޫސްތައްޓަކާއި ދިޔާކޮށް ކިރުގަރުދިޔައިގައި މޮޑެފައި ހުރި ބަތްތަށްޓެއް ހިފައިގެން އައިސް ބަތީލުގެ ގާތުގައި އިށީނެވެ. އަދި މަޑުމަޑުން ބަތީލަށް ކާއެއްޗެއް ދެވޭތޯ މަސައްކަތް ފެށިއެވެ.

މިންހާޖަށް ބަތީލުގެ ޚަބަރެއް ނުވެގެން އެންމެފަހުން ބަލްމާގެ ފޯނަށް ގުޅައިފިއެވެ. ބަލްމާއަށް އާދަޔާއި ޚިލާފު ކަމެއް ދިމާވާކަންވެސް މިންހާޖަށް އެނގުނީ ދެނެވެ. އެކަމަކު ބަލްމާ އޭނާއަށް މާ ތަފްޞީލުކޮށް އެއްވެސް ވާހަކައެއް ކިޔައެއް ނުދެއެވެ. ފޯނު ކޯލު ކަނޑާލި އިރު މިންހާޖުގެ މޫނުމައްޗަށް ވަނީ ހާސްކަން ވެރިވެ ސިކުނޑީގައި ސުވާލުމާކުތަކެއް އުފެދިފައެވެ.

ފޯނާއިގެން އުޅެވޭ ވަރަށް ވުރެ ބަތީލުގެ ހާލު މާދެރައެވެ. ދާރާ އުޅެއުޅެވެސް ދެވުނީ އެންމެ ދެތިން ސަމްސަލުގެ ބަތްކޮޅެކެވެ. އެއާއިއެކު ގެނައި ޖޫސްތަށިން އެއްބައި ބޯލުމާއިއެކު އަނެއްކާވެސް ބަތީލު ބޭނުންވީ އޮށޯވެލާށެވެ. ކުރިން މީހަކު އޭނާއަށް ގޮވާއަޑު އިވުނެއްކަމަކު މިހާރު އެ އަޑު ކަނޑައިގެން ހިނގައްޖެއެވެ. އެހެންނަމަވެސް އަދިވެސް ގޭދޮށުގައި ބަޔަކު އޭނާ ހޯދަން އައިސް އެބަތިއްބެވެ. އެމީހުންގެ ތެރެއިން އެކަކު ހުންނަނީ އެހެންމީހުންނާ ވަކިވާނޭ ގޮތަށް ކުރިއަށް ނުކުމެވެ. އެހެންމީހުންނާ ސިފަވެސް ތަފާތެވެ. އިންސާނަކާ ބޮޑަށް ވައްތަރުވަނީވެސް އެމީހެކެވެ.

ދާރާ ހުރިހާ މަސައްކަތެއް ނިންމާލުމަށްފަހު ބަތީލު ގޮވައިގެން ކޮޓަރިއަށް އައެވެ. އެމީހުންގެ ފަސްފަހަތުން ބަލްމާވެސް އައިސް ވަނެވެ. ދެކުދިން ގާތު އަތްފައި ދޮވެގެން ހެދުން ބަދަލުކޮށްގެން ނިދަން އޮށޯތުމަށް ބުނެ ދާރާވެސް ތައްޔާރުވީ ނިދަން އޮށޯތުމަށެވެ.

ދާރާއަށް ނިދޭކަށް ގިނައިރެއް ނުނެގިއެވެ. އެކަން ޔަގީންވި ބަލްމާ އޭނާ އާއި ޖެހިގެން އޮތް ބަތީލުގެ ގާތު މިންހާޖުގެ ވާހަކަ ބުނެފިއެވެ. އޭނާ ގުޅި ކަމާއި، ބަލްމާ ކޮންމެވެސް ވަރަށް ކަންތައްތައް ވެގެން އުޅޭގޮތް ކިޔާދިންކަމެވެ. ބަތީލުގެ ފަރާތުން އެއްވެސް ފަރުވާލެއް އެކަމަކަށް ނުފެނުނެވެ. ލިބުނު ހައިރާންކަމާއިއެކު ބަލްމާވެސް އޭނާ ދައްކަމުން ދިޔަ ވާހަކަ ހުއްޓާލާފައި ފޯނު ނަގައިގެން އެއާއި ކުޅެންފެށިއެވެ. އެހެންނަމަވެސް އޭނާގެ ސިކުނޑީގައި ސުވާލުމާކެއް ޖެހިގެން ދިޔައެވެ. ބަތީލު، މިންހާޖާއި ވާހަކަދައްކަން ބޭނުންނުވާހެން ހީވާތިއެވެ. އެއީ ކޮން ސަބަބަކާއި ހެދިތޯ އޮޅުން ފިލުވާލާ ހިތް އޮތްލެއް ބޮޑުކަމުންވެސް މެއެވެ.

ނިދިފައި އޮތް ބަތީލަށް އަރިއަކަށް ޖެހިލެވުނު ވަގުތު މަޑުމަޑުން ލޯހުޅުވާލެވުނީ ހަށިގަނޑު އަރިއަކަށް އަނބުރާލަން އުނދަގޫވެގެންނެވެ. ނިންޖާއިއެކު ހުޅުވާލެވުނު ދެލޮލާއިއެކު ބަނޑުގައި އަތްހާކާލެވުނެވެ. އޭރު އޭނާގެ ބަނޑު ހުރީ ފުއްޕާފައެވެ. ތެޅިފޮޅިގަނެފައި ތެދުވަން އުޅެއުޅެ ނުއެއް ތެދުވެވުނެވެ. ވަގުތުން “މަންމާ” އޭ ކިޔާ ރޯން ފަށައިފިއެވެ. އެއަޑަށް ދާރާ ފުންމައިގެން ތެދުވެއްޖެއެވެ. އެއަށްވުރެ ކުރިން ބަތީލާއި ޖެހިގެން ނިދާފައި އޮތް ބަލްމާ ފުންމައިގެން ގޮސް އެނދުން ވެއްޓިއްޖެއެވެ. ދާރާއަށް އެނދާއި ހަމައަށް ނާދެވެނިސް ބަލްމާ އައިގޮތަށް އައިސް ދާރާގެ ގައިގާ އޮޅުލައިގަނެއްޖެއެވެ. ސިއްސައިގެން ދިޔަ ގޮތުން ބަލްމާ ބިރުގަތީއެވެ. ދާރަގެ ގައިގާ އައިސް އޮޅުލައިގަނެވުނީ އެހެންވެއެވެ.

“ބަލްމާ، ދަރިފުޅު ހަމަޖެހިބަލަ، މަންމަގެ ގައިން އެހަށް ދޫކޮށްލަބަލަ، ކޮއްކޮގެ ގާތަށް މަންމަ ދިއުން މިވަގުތު ވަރަށް މުހިންމު، ދަރިފުޅާ، އޭތް! ބަލްމާ، އެއްވެސް ކަމެއް ނުވެޔޭ، ދަރިފުޅު ހަމަޖެހިބަލަ، ބަލާބަލަ…” ދާރާ ތެޅިތެޅި ހުރި ބަލްމާގެ އަތުގައި ހިފާ ދުރަށް ޖައްސާލަމުން ތަޅުވައިގަތެވެ. އަންބަރުވެސް އައިސް ބަލްމާގެ ބޮލުގައި އޭރު ފިރުމާލައިފިއެވެ. ހިންދިރުވާލެވުނު ބަލްމާ ހަމައަކަށް އެޅެން މަސައްކަތް ކުރަމުން ދާރާގެ ހެދުމުން ދޫކޮށްލާ އަވަސް އަވަހަށް ދުރަށް ޖެހިލައިފިއެވެ.

ދާރާ އައިސް ބަތީލުގެ ގައިގާ އަތްލިތާ ގިނައިރެއް ނުވެ ބަތީލުގެ މެދުހަށި އުފުލިފައި ފުއްޕާފައި އޮތް ބަނޑު ހިނދިއްޖެއެވެ. އޭރު އަޑުން އަޑުނަގާ ބަތީލު ރޮނީއެވެ. ދާރާއަށް އޭނާ ގޮވަނީއެވެ. އޭނާގެ ހަށިގަނޑުގައި އަޅާވޭން ކުޑަކޮށް ދިނުމަށް އެދި އާދޭސްކުރަނީއެވެ. ގަޑިއެއްހާއިރު ފަހުން ބަތީލު މައިތިރިވުމުން ދާރާ ގަޑިން ވީއިރެއް ބަލާލިއެވެ. އޭރު ފަހެއް ޖަހަނީއެވެ. ފަތިސް ނަމާދަށް ގޮވައިފިއެވެ. ނަސީބަކުން ސުލައިމާނަށް ގުޅާވަރުގެ ބޮޑުކަމެއް ނުހިނގިތީ އެކަމާ ދާރާ ޝުކުރުވެރިވިއެވެ.

ހިތްހަމަޖެހިލައިގެން ހުރެ ހެނދުނުގެ ސަޔަށް ދިއުމަށް އޮފީހުން ނުކުން ދިނާރުގެ ސިކުނޑީގައިވަނީ އޭނާ އާއި އޭނާގެ މަންމަ އާއި ދެމެދު ދެކެވުނު ވާހަކަތަކެވެ. އެވާހަކައެއް ދެއްކުމަށް އޭނާ ދެމިހާ ހާސަރުތަކެވެ. އެހުރިހާ ވާހަކައެއްގެ ހަނދާން އާލާވުމުން ހިނިއަންނަ ގޮތްވިއެވެ.

“މަންމައަށް އެނގެޔޭ ގާތް ރަޙުމަތްތެރިއެކޭ ކިޔަސް، އެއީ އަންހެން ކުއްޖެއްކަން، އަދި ދަރިފުޅަށް ވަރަށް ޚާއްޞަކަން، ކޮންނަމެއްތަ ކިޔަނީ، ކޮންގެއަކު ކުއްޖެއް، މިއަވަށުކުއްޖެއްތަ” އެއްފަހަރާ ކަހަލަ ގޮތަކަށް އެތަށް ސުވާލެއް ޝިމްލާ އޭނާގެ ދަރިފުޅާއި ކުރިއެވެ.

“ބަލްމާ ކިޔަނީ، ރައްޓެހި ކުދިން ކިޔަނީ ބެލް، އެއީ…”ދިނާރު ލަސްލަހުން ފަސްޖެހެމުންވިޔަސް ބަލްމާގެ ވަނަވަރު ޝިމްލާއަށް ކިޔައިދީފިއެވެ. އެއްޗެއް ނުބުނެ ވިސްނާލަން ހުރެފައި ޝިމްލާ ވާހަކަދެއްކިއެވެ.

“ދަރިފުޅަށް ވަރަށް ކަމުދޭތަ އެކުއްޖާ، އެއްދުވަހު މަންމައަށް ދައްކާލަން މިގެއަށް ގެންނަންވީނު، މީރު އެއްޗެއް ހަދާލާފަ ދޯ ގެންނާނީ، މަންމައަށް ކޮންމެވެސް ވަރަކަށް އެނގޭ އެ ޢާއިލާ، ގޯސްބައެއް ނޫން އެއީ، އޭނާގެ ބައްޕައަކީވެސް މަދުން ނަމަވެސް މީހުންގެ ތެރޭގައި ނަންކިޔާލެވޭ ރަނގަޅު މީހެއް” ޝިމްލާގެ ވާހަކަހުރީ ދިނާރު ހިތްހަމަޖެހޭ ފަދަ ގޮތަކަށެވެ.

“އޭނާއަކަށް ނާދެވޭނެ” ދިނާރު އިސްޖަހާލައިގެން އިނދެ ބުންޏެވެ.

“އާން ތެދެކޭ ދޯ، މަންމަ ހަނދާންނެތުނީ، އެކުއްޖާ ބަލިވެގެން ދޯ އެގެއަށް އަބަދު ތިދަނީ، މިހާރު ކިހިނެއްތަ، އަސްލު ކިހިނެއްތަ ވީ، އަނެއްކާ ދަރިފުޅު އަބަދު އެގެއަށް ތިދަނީ އެގޭ މީހުންގެ ހުއްދަ ލިބިގެންތަ” ޝިމްލާއަށް އަހާލެވުނެވެ.

“މަންމާ، އަހަރެން ބޭނުން ވަރަށް އަވަހަށް ކައިވެނި ކުރަން، މަންމަ ހުއްދަ ދޭނަންތަ އެކަމަށް” ދިނާރު ޖެހިލުންވެފައި އިނދެވެސް ބުންޏެވެ.

“ކީއްވެ މަންމަ ޤަބޫލު ނުވާންވީ، ދަރިފުޅު ރަނގަޅު ކުއްޖަކު ޚިޔާރުކޮށްފިނަމަ އެކަމާ ހިތުން ރުހުމުން ޤަބޫލު، އެކަމަކު މިހެން ބުންޏަސް އަންގާނުލާ ކައިވެނިކޮށްގެން މިގެއަށް ގެންނާނީއެއްނޫން، މަންމަމެނަށްވެސް ވާނެ އެކުއްޖާ ދައްކާލަން މިގެއަށް ގެންނަން، މަންމަވެސް ބޭނުން ވާހަކަދައްކާލާ ހަދާލަން، ދިނާރު، ދަރިފުޅު އަދިވެސް ނުބުނަމެންނު ތިބުނާ ކުއްޖާއަށް ޖެހިގެން އުޅޭ ބައްޔެއް، އަނެއްކާ ދާއިމީ ބައްޔެއް ހުންނަ ކުއްޖަކީތަ” އައި ޚިޔާލަކުންޝިމްލާއަށް އެގޮތް އެހާ ކަމަކު ނުދިޔައެވެ.

“ނޫން، އެކަމަކު ވަރަށް ދެރަކަމެއް ދިމާވެގެން އުޅެނީ، ވީގޮތަކީ…” ދިނާރަށް އޭނާގެ މަންމަގެ ފަރާތުން ފުރިހަމަ އިތުބާރު ލިބުމުން ބަލްމާގެ ޢާއިލާއަށް ދިމާވެގެން އުޅޭ ހިތާމަވެރި ހާދިސާ ކިޔައިދީފިއެވެ. ޝިމްލާވެސް އެކަމާ ކަންބޮޑުވިއެވެ.

“ދަރިފުޅު އެގެއަށް އަބަދު ތިދަނީ، އަނެއްކާ ދަރިފުޅަށް ނުޖެހޭނެތަ އެކަންތައްގަނޑު، އެއީ ވަރަށް އެހެން ކަހަލަ ކަމެއް” ޝިމްލާ ކަންބޮޑުވެފައި އޭނާގެ ދަރިފުޅަށް ބަލާލަމުން ބުންޏެވެ. ދިނާރު، ޝިމްލާގެ ހިތްހަމަޖައްސާދިނުމަށް އެތައްވާހަކައެއް ދެއްކިއެވެ. އެންމެފަހުން އޭނާއަށް ޖެހުނީ ދަރިފުޅުގެ ވާހަކަ ޤަބޫލުކުރާށެވެ. އެހެންނަމަވެސް ބަލައިގެން އުޅުމަށް ޝިމްލާ ނަސޭޙަތްތެރި ވިއެވެ. ދަރިފުޅަށް އައި ހެޔޮބަދަލަކީވެސް އެކަމާ ގުޅުން ހުރި ކަމެއްކަން ޝިމްލާއަށް ވިސްނައިގަނެވުނެވެ. ކޮންމެ ގޮތަކަށް ކަންތައް ހިނގަމުން ދިޔަޔަސް، އެކަމެއްގެ ސަބަބުން އޭނާގެ ދަރިފުޅަށް ހެޔޮ މަގު ﷲ މިންވަރުކުރައްވައިފިއެވެ. އެކަމާ އޭނާ ޝުކުރުވެރިވިއެވެ. އަދި ދަރިފުޅުގެ އުފާތަކަށް ހުރަސް އަޅާ މަޔަކު ކަމުގައި އޭނާ ވާން ބޭނުމެއްނުވެއެވެ.

ދިނާރުގެ ކަންފަތުގައި އަދިވެސް ޝިމްލާ އެންމެ ފަހުން ބުނި ޖުމްލަ ތަކުރާރު ވޭ ވޭ ހުރިކަހަލައެވެ. ޝިމްލާ ހުރީ ދިނާރު، ބަލްމާ އެގެއަށް ގެންނާނެ ދުވަހެއްގެ އިންތިޒާރުގައެވެ. ލިބުނު ހިތްހަމަޖެހުމުން ދިނާރުގެ ދުވަސް ފަސޭހަވެގެން ހިނގައްޖެއެވެ. ފަޓުލޫނުގެ ދެޖީބަށް އަތްޖަހާލައިގެން ހުރެ ދިނާރު ހިނގަމުން އައީ އޭނާގެ އޮފީހުގެ ރަޙުމަތްތެރިންނާއިއެކުއެވެ.

“ހޫން، ދެން ތި ބުނަން އޮތް މުހިންމު ވާހަކަ ބުނެބަލަ، މިހާރު ހުރިހާ އެންމެން ހަމަވެފައެންނު މިތިބީ” ކޮފީތަށިން އެތިފޮދެއް ބޯލުމާއިއެކު މިންހާޖު ބުންޏެވެ.

“ތަނަކަށް ދާން ލަސްވެގެންތަ ކަލޭ ތިއުޅެނީ” މުޢާދު އިނދެފައި ބުނެލިއެވެ. ހަވީރުގެ ވަގުތަށް ހުރިހާ ރަޙުމަތްތެރިން އެއްކޮށްގެން ދިނާރު އިނީ ޑޫމް ކެފޭ ތެރޭގައެވެ. އާންމުކޮށް ބަލްމާ އާއި ބަތީލާއިއެކު އަންނަ ކެފޭގައެވެ. އޭނާ އެތަނަށް އެންމެން އެއްކުރީ ބަލްމާ އާއި ބަތީލުގެ މަންމަ ހުށައެޅި ދަޢުވަތުގެ ވާހަކަ އެންމެންގެ ގާތުގައި ބުނުމަށެވެ. ދާރާއަކީ އެމީހުން ހީކުރާ ކަހަލަ މީހެއް ނޫންކަން ރަޙުމަތްތެރިންނަށް ދިނާރު އަންގައިދޭން ބޭނުންވެފައި އިނެވެ. އެހެންވެ އެވާހަކަ ފެށިއެވެ.

“އިރުއޮއްސޭ އިރަކީ ކޮބާތަ؟ މިހާރު އެހެރަގެން ފަހެއް ޖެހީ، އަދިކިރިޔާތަ ދިނާރަށް އަހަރުމެން ގާތު ތިވާހަކަ ބުނެވެންވީ” މިންހާޖު ހިތްހަމަ ނުޖެހޭގޮތް ފާޅުކުރިއެވެ.

“މާބޮޑު ތައްޔާރީތަކެއް އަހަރުމެން ވާންޖެހޭތަ، މިތާ ކޮފީގައި ތިބެފައި އެގެއަށް ދިޔައީމަ ނިމުނީނު، މިންހާޖު، ކަލޭ ފަނި ނުހަދާތި، ބެލް މަންމަ ބޭނުންވަނީ، ބެލް އާށާއި ބައްތުއަށް ސަޕްރައިޒެއް ދޭން، އެހެންނޫނަސް ކަލޭގެ ބިޓު އެހާ ބަލިވެ އުޅޭއިރު އޭނާ ދެކިލަން ދާހިތެއްވެސް ނުވޭތަ” މިންހާޖުގެ ވާހަކަހުރިގޮތުން ހައިރާންވެފައި އިން ދިނާރު ބުންޏެވެ.

“މީ ވަރަށް ހެއްވާ މީހެއް، ބެލްވެސް އަހަރެން ގާތުގައި ބުނި، ބައްތު އެހާ ބަލިވެ އުޅޭއިރު މި މިންހާޖުގަނޑު އެކުއްޖާއަށް ގުޅާވެސް ނުލަޔޭ” އާން އިނދެފައި ދިނާރާއި އެއްބައި ވެލަމުން ބުންޏެވެ.

“އަހަރެން ނުގުޅަނީތަ، ބައްތު މިހާރު ބޭނުންނުވަނީ އަހަންނާ ވާހަކަދައްކަން، އެހެންނޫނީ އަހަރެން ގުޅީމަ އޭނާ ފޯނު ނަގާނެ އެންނު” މިންހާޖު އޭނާގެ ދިފާއުގައި ވާހަކަދެއްކިއެވެ.

“ހޫން، ދެން ޒުވާބެއް ނޫނޭ ފައްޓަންވީކީ، އަހަންނާއިއެކު އެގެއަށޭ ދާންވީ، މުޢާދު ކީކޭ ބުނަނީ” ދިނާރު މިފަހަރު ޚިޔާލު ބަދަލުކޮށްލީ އެންމެ ގާތުގައި އިން މުޢާދާއި އެވެ.

“އަހަންނަށް މައްސަލައެއްނެތް، ރަނގަޅެންނު ބެލްގެ މަންމަ އޯކޭ ވަންޏާ، އޭރުންތާ އަހަރުމެންނަށްވެސް އެގެއަށް އެމީހުން ހޯދަން ދާން ކެރޭނީ” މުޢާދަށް ދިނާރުގެ ހުށައެޅުން ގޯހެއްނުވިއެވެ.

“އަހަރެންވެސް މިހުންނަނީ ބެލް އާއި ބައްތުގެ ހާލު ބަލާލަން އެގެއަށް އެމީހުންގެ ގާތަށް ދާންބޭނުންވެފަ، ނަސީބެންނު މަންމަ އޯކޭ ވިކަން، މި ޗާންސް ގެއްލުނަ ދީގެން ނުވާނެ، ހިނގާ ދަމާ” އާން އޭނާގެ ޚިޔާލުވެސް ފާޅުކޮށްފިއެވެ.

ދިނާރު ބިލަށް އަރާފައި ވާވަރަށް ފައިސާ ލުމާއިއެކު ތަނުގައި އުޅުނު ވޭޓަރެއްގެ އަތަށް ބިލާއި ފައިސާ ދިއްކޮށްލައިފިއެވެ. އަދި އެތަނުން ނުކުންނަން ހިނގައިގަތެވެ. ދެޚީޔާލެއްގައި ހުރި މިންހާޖުވެސް ދިނާރުގެ ފަހަތުން އައެވެ. ހަދާނެގޮތެއް ނޭނގިފައި ހުރެއެވެ. އޭނާ އެމީހުނާއިއެކު ނުގޮސްފިއްޔާ އެމީހުން ހީކުރާނީ އޭނާ ބަތީލުގެ ހާލު އެނގެން ބޭނުންނުވަނީ ކަމުގައެވެ. އޭރުން ތަފާތު ސުވާލުތައް އޭނާ އާއި އަމާޒުވެދާނެއެވެ. ސިކުނޑިއަށް މިފަދަ ތަފާތު ޚިޔާލުތައް އަރަންފެށުމުން މިންހާޖު ބޮލުގައި އަތްހާކާލިއެވެ. އަދި ގޮސްހުސްވެފައިވާ މީހަކު ފަދައިން ކުރިއަށް އެހެން މީހުނާއިއެކު ހިނގަމުން ދިޔައެވެ.

“މަންމާ، މީކޮންކަމެއް، މިހާ ބައިވަރު ހެދިއިރު، ކޮންބައެއް މިގޭގައި ކާންތިބީ” ބަލްމާއަށް ކާމޭޒުމަތީގައި ހުރި ބޮނޑިބަތް ތައްޓާއި ފިހެން ތައްޔާރުކޮށްފައި ހުރި ކުކުޅު ފައިތަށް ފެނުމުން ސުވާލުކޮށްލެވުނެވެ.

“ސުލައިމާނުބެ އަންނާނެ އިރުކޮޅަކުން، އޭނާގެ ރައްޓެއްސެއްވެސް އަންނަ ވާހަކަދެއްކި، ކާނެ ވަރެއް ކިހިނެއް އެނގެނީ އެކަކަށްވެސް، އަނެއްކާ ސުލައިމާނުބެ އައިސްފިއްޔާ މިގެއިން ނުކައެއް ނުދާނެ، އޭނާ ކޮށްދޭ ކަންތައްތަކަށް އަގުދެވޭނީ މިކަހަލަ ގޮތަކަންނު” ދާރާ ގަސްދުގައި ދޮގެއް ހަދާލިއެވެ. ބަލްމާ ވިސްނާލި ފަދަ ގޮތަކަށް މަޑުމަޑުން ބޯޖަހާލީ އޭނާއަށް ދާރާ ބުނި އެއްޗެއް ވިސްނުނު ހެންނެވެ.

އަތްމަތި އަވަސްކޮށްލާފައި ދާރާ ހުރިހާ އެއްޗެއް ތައްޔާރު ކުރަން އުޅެއެވެ. އޭރު ގޯތި ތެރޭގައި މަސްފިހެވޭނޭގޮތް އަންބަރު ހަމަޖައްސައިފިއެވެ. ކުޑަތާންގީފަޅި ތެރެއަށް ނާށިތައް އަޅާ ރޯކުރަން އުޅެއެވެ. ސިޓުން ރޫމު ދޮރުމަތީ މިމަންޒަރު ބަލަން ހުރި ބަލްމާގެ ތުންފަތަށް ވަނީ އާދަޔާއި ޚިލާފު ހިނިތުންވުމެއް ވެރިވެފައެވެ. އޭނާ އަވަސް އަވަހަށް އައިސް ބަތީލުގެ ގާތުގައި ސޯފާގައި އިށީނެވެ.

“ބައްތު، މަންމަމެން ބާބިކިއު ހަދަން އެއުޅެނީ، ހިނގާބަލަ އެތަނަށް، ބައްޕަ އެއުޅެނީ އަލިފާންގަނޑު ރޯކުރަންވެގެން، ފޮޓޯ ނަގަންވާނެ އެންނު، ކިހާ ދުވަހެއް ފަހުން އެކަހަލަ ކަމެއް ގޭގައި އެބާއްވަނީ” ބަލްމާ ފޯރީގައި ވާހަކަދެއްކިއެވެ. ވަރުދެރަ ގޮތަކަށް އިށީނދެލައިގެން އިން ބަތީލުގެ ދެލޮލުން ފެންނަނީ އެއްވެސް ކަމަކަށް ޝައުގުވެރިކަމެއް ނެތްތަނެވެ. އެހެންނަމަވެސް ބަލްމާ ކިޔާވަރުން އޭނާގެ އަތުގައި ހިފާލައިގެން ސޯފާއިން ތެދުވެގެން ސިޓިން ރޫމު ދޮރާއި ހަމައަށް އޭނާ ދިޔައެވެ. ދާރާއަށް އެމަންޒަރު ފެނި އުފާވެރިކަމުގެ ހިނިތުންވުމެއް ތުންފަތަށް ވެރިވެގެން ދިޔައެވެ. ކާމޭޒު މަތީގައި އޮތް ފޯނު ނަގާ ސުލައިމާނަށް އޭނާ ގުޅިއެވެ.

“ދައްތާ، ތިގޭ ކައިރީގަ މިހިރީ، ދެތިން މިނެޓު ތެރޭ ތިގެއަށް ވަންނާނަން” ސުލައިމާނު ބުންޏެވެ.

“މިރޭ އެކުދިން އަންނާނެ، ގޯތިތެރޭގައި މަސްފިހެން ތައްޔާރުކޮށްގެން މިއުޅެނީ، ދެބެން ނެރެން އެބަ ގަސްތު ކުރަން” ދާރާ އޮޅުން ފިލުވަން ބޭނުންވީ ކޮންކަމެއްކަން ސުލައިމާނަށް އެނގުނެވެ.

“ގޯތިތެރޭގައިވިއްޔާ މައްސަލައެއް ނޫން، އަހަރެންވެސް މިވަންނަނީ ތިގެއަށް، އެކަމަކު މަޑުކޮށްލާ އަހަރެން ދަންދެން، ދެން ގިނައިރެއް ނުވާނެ” ސުލައިމާނު މިހެން ބުނިއިރު އެގެއަށް ވަންނަނީއެވެ. ދާރާ ފޯނު ބާއްވާލާފައި ތަށިތައް ހިފައިގެން ނުކުމެ ގޯތިތެރޭގައި އަންބަރު ބަހައްޓާފައި ހުރި މޭޒުމަތީ އަތުރާލައިފިއެވެ. އަދި ދެބެން ގާތު އެހަށް އެތަނަށް ނައިސް މަޑުކުރުމަށް ބުންޏެވެ. ހަމައެވަގުތު ސުލައިމާނު ގޮވާލި އަޑުވެސް އިވިއްޖެއެވެ.

“ހާދަހާ ބޮޑު ރެއެއްހެން ހީވެޔޭ، މިހާރުވެސް ބަނޑުހައި ވާހެން އެބަ ހީވޭ” ސުލައިމާނު ހީނލާފައި ވާހަކަދެއްކިއެވެ. ސިޓިން ރޫމު ދޮރު ކައިރީ މަޑުކޮށްލައިގެން ހުރި ދާރާއަށް އިތުރު ޔަގީންކަމެއް ލިބިގެން ދިޔައެވެ. ސުލައިމާނު އައިސް ބަލްމާ އާއި ބަތީލުގެ ފައި ފެންފޮދަކުން ދޮށްވާލުމަށްފަހު އެފެނުން މޫނު ދޮއްވާލާފައި ބާކީ ހުރި ފެންފޮދު ބޯންދީފިއެވެ. މިހާރު އެދެބެން ބޭރަށް ނުކުތަސް ރަނގަޅުވާނެއޭ ސުލައިމާނު ބުނުމުން ބަލްމާ، ބަތީލުގެ އަތުގައި ހިފާލައިގެން ހުރެ މަޑުމަޑުން ސިޓިން ރޫމުން ނުކުތެވެ. ދާރާ ހުރީ ބަތީލުގެ ދާދި ގާތުގައި ވަރަށް ވިސްނައިގެން ދިމާވެދާނެ ކަމަކަށް ތައްޔާރުވެގެންނެވެ.

ޒުވާން ކުދިބަޔަކު ސަލާމް ގޮވާލުމާއިއެކު އެންމެންނަށް އެއްފަހަރާ ކަހަލަ ގޮތަކަށް ބަލާލެވުނީ ގޭޓާއި ދިމާލަށެވެ. ދާރާ އެދިމާލަށް އަވަހަށް ހިނގައިގަތް އިރު ބަލްމާ އާއި ބަތީލު ހުރީ ހުއްޓުން އަރާފައެވެ. ލިބުނު ހައިރާންކަމާއިއެކު ޤަބޫލު ކުރަން ނޭނގިފައެވެ. ދާރާ އެފަދަ ކަމެއް ކޮށްފާނެއެކޭ އެމީހުންނަށް ޤަބޫލެއް ނުކުރެވުނެވެ. އެކުދިންގެ ތެރޭގައި އިސްކޮށް ހުރި ދިނާރު ދެންތިބި ކުދިން ދާރާއަށް ތަޢާރަފްކޮށްދީފިއެވެ. އެހިނދު ދިނާރުގެ ދުލުން “މިންހާޖު” ގެ ނަން އިވުމުން އޭނާއަށް ދާރާގެ ސަމާލުކަން ހުއްޓުނެވެ.

“އެހެންވީމަ މީތާ މިންހާޖަކީ، ބަލްމާ ބުނީވެސް، ބަތީލު ގުޅިގެން އުޅެނީ މިންހާޖު ކިޔާ ކުއްޖަކާއޭ، މޫނުމަތިންވެސް ހީވަނީ ވަރަށް މަކަރުވެރި ވާނެހެން، ކޮންގެއަކު ކުއްޖެއްބާ މީ، ދެންމިތިބަ ދެކުދިން ޔަގީން އުޅެނީ ގުޅިގެންކަން” ދާރާއަށް މިންހާޖު އެނގުމާއިއެކު ހިތަށް އެރިއެވެ. ދެން ބަލާލެވުނީ މުޢާދާއި އާންއަށެވެ.

“ތިއައީ ހަމަ ރަނގަޅު ގަޑިއަށް، އަދި މިއުޅެނީ ނުފެށިގެން، މިތަނުގައި ހުރިހާ އެއްޗެއް ފިހެގެން ކާން ވާންނާނީ ގޭތެރެއަށް” ދާރާ ރާވާފައި އޮތްގޮތް ދިނާރުމެންނަށް އަންގާލިއެވެ.

ބަލްމާ އާއި ބަތީލުގެ ގާތުގައި އެމީހުންގެ ރަޙުމަތްތެރިން އައިސް މަޑުކޮށްލުމާއިއެކު ބަލްމާ ސުވާލު ކުރަން ފެށިއެވެ. އެހިނދު އެހެން ކަންތައް ކުރަން ޖެހުނު ސަބަބު ދިނާރު ކިޔާދީފިއެވެ. އާން ހުރީ ފާޑަކަށް ހުއްޓުން އަރާފައެވެ. މިންހާޖަށްވެސް ލިބުނީ ކުއްލި ހައިރާންކަމެކެވެ. އެހެންނަމަވެސް އޭނާ މަޑުމަޑުން ބަތީލުގެ ގާތަށް ލެފިލިއެވެ. އެވަގުތު އާން ހުރެފައި ބަލްމާގެ އަތަށް ދަމާލަމުން އޭނާ އާއިއެކު އެއްފަރާތަށް ޖެހިލިއެވެ.

“ބައްތުހެންވެސް މިހާރު ހީނުވޭ، ވަޓް ހެޕެން ޓު ހަރ، އެހަރަ ލޯބި ލޯބި މޫނުކޮޅުވެސް އެއްކޮށް ބަދަލުވެއްޖެ، މިހާރު ހީވަނީ އެތަށް ގަރުނެއް ވަންދެން ބަލިވެ އުޅުނު މީހެއްހެން” އާން ކަންބޮޑުވެފައި ބުންޏެވެ. ބަލްމާގެ މޫނު މަތިން ހިތާމަވެރިކަން ފާޅުވެގެން ދިޔައެވެ. އަދި މަޑުމަޑުން ސިއްރުން ބަތީލަށް ދިމާވާ ކަންތައްތައް ކިޔާދިނެވެ.

އެއްފަރާތުގައި މަޑުކޮށްލައިގެން ހުރެ ސުލައިމާނު އެގެއަށް އައި ކުދިންނަށް ވަކިވަކިން ނަޒަރު ހިންގަމުން ދިޔައެވެ. ބަލާލާ ކޮންމެ ފަހަރަކު ހީވަނީ އެއިން ކޮންމެ ކުއްޖަކަށް އޭނާ ކޮންމެވެސް ކަމެއް ކުރާހެނެވެ. އެކަނި ހުރެ ތުންތަޅުވާތީއެވެ. ދާރާ އޭނާގެ ލޮލުން އިޝާރާތް ކޮށްލުމާއިއެކު ސުލައިމާނު އޭނާގެ ގާތަށް އައެވެ. އެއާއިއެކު ދާރާ، ސުލައިމާނަށް ދައްކާލީ ބަތީލުގެ ގާތުގައި ހުރި ފިރިހެން ކުއްޖާއެވެ.

“އެއީ ބަތީލު ގުޅިގެން އުޅޭ ކުއްޖާކަމަށްވަނީ، މި ސޮރު ނޫނީ ކުރިން ރޭ ސުލައިމާނަށް ފެނުނު ސޮރު، މިކުދިންނަށް ކަންތައް އެކުރަނީ، އެހެންނު، މިރޭ އެކަން އެނގޭވަރު ވާނެތަ” ދާރާ ކެތްތެރިކަން ކުޑަގޮތަކަށް އެހިއެވެ.

“ދައްތާ، މިރޭ ސީދާ އެނގޭނެޔޭ ބުނަން ދަތި، ޔަގީނުންވެސް ވަރަށް އަވަހަށް އެމީހަކު އެނގޭނެ” މިންހާޖަށް ނަޒަރު ހުއްޓާލައިގެން ހުރި ސުލައިމާނު ބުންޏެވެ. އޭނާއަށްވެސް އެހެން ކުދިންނާ މިންހާޖުގެ ޠަބީޢަތް ތަފާތުކަން ފާހަގަ ކުރެވެއެވެ.

“ބައްތު ތިހާ ބަލި ވާހަކަ އަހަރެން ގާތުވެސް ބުނެލިނަމަ ކީއްތަވާނީ، އަހަރެން ގުޅީމަ ފޯނު ނުނަގާ ހުރީމަ ހުރިހާކަމެއް ފުރިހަމަވީކީ ނޫން، އަހަންނާ ދުރަށްދާން ބޭނުންވަންޏާ ރީތިކޮށް ބުނެބަލަ، ބައްތު ބޭނުންވަނީ ބްރޭކް އަޕް ވާންތަ” މިންހާޖަށް އެއީ ނުވާނެކަމެއްކަން ޔަގީންވާތީ އެހެން ބުނެލިއެވެ. އެހެންނަމަވެސް ބަތީލު އެއްވެސް އެއްޗެއް ނުބުނެ އޭނާގެ މޫނަށް ބަލަހައްޓައިގެން ހުރި ގޮތަށް ހުރީއެވެ.

“މިގެއަށް އައީމަ މަށާ ވާހަކަވެސް ނުދައްކަންތަ ތިހުންނަނީ، އެހެންމީހުން ކީކޭތަ ހިތަށް އަރާނީ، އަހަރެންމީ ބައްތުގެ ބޯއީ ފްރެންޑެއް ނޫންތަ” އެހެން މީހުންގެ ނަޒަރުތަކުން މިންހާޖު ސަލާމަތްވާން ބޭނުންވިއެވެ.

“ކީއްވެތަ އަބަދު އަހަންނަށް މިންހާޖު ހުވަފެނުން ފެންނަނީ، އެކަމަކު ހުވަފެނުން ފެންނަ އިރު މާލޯބިވޭ، އަހަންނަށްވެސް ނޭނގެ އަހަންނަށް މިވަނީ ކިހިނެއްކަމެއް، މިގަޑީގަ ތި މިންހާޖާއި އެހާ ވާހަކަދައްކާ ހިތެއް އަހަރެން ނުވޭ، ތި މިންހާޖާ އެހާ ގާތުގައި ހުންނާކަށްވެސް އަހަރެންގެ ހިތަށް ކުޅަދާނަވާވަރުގެ ކަމަކަށް ނުވޭ” ބަތީލުގެ އަތުގައި ހިފަން އުޅުމުން މިންހާޖުގެ އަތް ފޮޅުވާލީ ނަޖިސް އެއްޗެއް ޖެހެން އުޅުނު ކަހަލަ ގޮތަކަށެވެ. ބަތީލުގެ ސިކުނޑިއަށް ވިސްނޭ ގޮތާއި އޭނާގެ ހަރަކާތްތައް ބެހެއްޓޭ ގޮތާއި މުޅިން ތަފާތެވެ. އެއީ ކީއްވެކަމެއްވެސް ޚުދު އޭނާއަކަށް ނޭނގެއެވެ. ނަމަވެސް އޭނާއަށް އެހެރީ ހުރިހާ ކަމެއް އޮޅިފައެވެ. ވާނީވެސް އެހެންތާއެވެ. ގޭގެ ގޭޓުގެ ބޭރުގައި އެހެރީ މިންހާޖެވެ. އަނެއްކޮޅުން އޭނާގެ ގާތުގަވެސް އެހެރީ މިންހާޖެވެ. މަގުމަތީގައި ހުރި ފަނޑުއަލިކަމުގެ ތެރޭގައި ބަތީލަށް ފެންނަނީ މިންހާޖުގެ މޫނު އެކަންޏެވެ. ހުންނަނީ ލޯތްބާއި އަސަރުން ފުރިގެންވި ގޮތަކަށް ހިނިތުންވެލައިގެންނެވެ. ބަތީލުގެ ހިތްވެސް އެދެނީ ގޭޓުން ބޭރުގައި ހުރި މިންހާޖުގެ ގާތަށް ދިއުމަށެވެ. އެއްވެސް ވިސްނުމެއްނެތިއެވެ. މަޑުން މަޑުން މިންހާޖާއި ދުރަށް ޖެހެމުން ގޮސް ގޭޓާއި ދިމާލަށް ފިޔަވަޅަކަށްފަހު ފިޔަވަޅެއް އަޅަން ފެށިއެވެ.

“ބަތީލު، ކޮއްކޯ… ކޮންތާކަށް ދާން ތިދަނީ” ސުލައިމާނު އައިސް ބަތީލުގެ އަތުގައި ހިފުމުން އޭނާ ދިޔައީ ސިއްސައިގެންނެވެ. އަވަސް އަވަހަށް މަގުމައްޗާއި ދިމާލަށް ބަލާލެވުނީ އެތަނުގައި ހުރި މިންހާޖު ކޮބާތޯއެވެ. އެހެންނަމަވެސް މިފަހަރު އެތަނުން އެކަކުވެސް ނުފެނުނެވެ. މިންހާޖު ހުރީ ގޭތެރޭގައެވެ. ބަލްމާ އާއި އެހެން ރަޙުމަތްތެރިންގެ ތެރޭގައެވެ. ސުލައިމާނު، ބަތީލުގެ އަތުގައި ހިފައިގެން އައިސް މަސްފިހޭ ތަނުގައި މަޑުކޮށްލިއެވެ. އަދި އޭނާ ބަތީލާއި ސުވާލު ކުރަން ފެށިއެވެ.

“ކޮންތާކަށް ދާންތަ ކޮއްކޮ އެކޮޅަށް ދިޔައީ، ހުރިހާ ކުދިން މިތިބީ މިތަނުގަ އެންނު” ސުލައިމާނު އެހިއެވެ.

“އެއްވެސް ތަނަކަށް ނޫން” ބަތީލު އިސްޖަހާލަމުން މިހެން ބުންޏަސް އިރުއިރުކޮޅާ މަގުމައްޗާ ދިމާލަށް ބަލާލެވެއެވެ.

“އެކޮޅުން ކޯއްޗެއްތަ ފެންނަނީ، ބޭބެ ގާތު ބުނެބަލަ، އެކޮޅަށް ތިވަރަށް ބަލާނީ ކޮންމެވެސް އެއްޗެއް ފެންނާތީކަން އެނގޭ” ސުލައިމާނު ބޭނުންވަނި ބަތީލަށް ފެންނަ އެއްޗެއް އޮޅުންފިލުވާށެވެ. އެއީ އެއްޗެއް ފެންނަނީ ހަމައެކަނި ބަތީލަށް ކަމަށްވާތީއެވެ. އޭނާއަށްވެސް ޔަގީންވާ އެއްކަމަކީ އެތަނުގައި ކޮންމެވެސް އެހެން ބާރެއް ހުރިކަމެވެ. އަދި އެބާރު މަސައްކަތް ކުރަމުން އެދަނީ ބަތީލު އެގެއިން ނެރުމަށެވެ. މިވަގުތު ބަތީލު އެގެއިން ނެރުމަކީ މަރުގެ ތުންފަތްމައްޗަށް ނެރުން ކަހަލަ ކަމަކަށް ވާނޭކަން ސުލައިމާނަށް އެނގޭތީ އޭނާ މިރޭ އެހުންނަނީ ވަރަށް ހުޝިޔާރުވެއެވެ. އެކަކަށްވުރެވެސް ބޮޑަށް ބަތީލުގެ ހަރަކާތްތައް ފާރަވެރިވެގެންނެވެ.

ގޯތީގައި އުފެދިފައި އޮތް ދުންގަނޑު މަޑުމަޑުން ފިލާގޮސް ފަޒާ އެއްވަސްކޮށްލާފައި ވީ ފިހެން ލާފައި ހުރި އެއްޗެހީގެ ވަހުންނެވެ. ގޮނުމަކާއި، ކުކުޅު ފަޔާއި އޭގެ އިތުރުން ސޮސެޖުވެސް އަތުރާފައި ހުއްޓެވެ. ބާބިކިއު ސޯސްގަނޑާއި ލޮނުމިރުހުގެ މީރުވަސްވެސް ވަނީ އެކުވެފައެވެ. ކޮންމެ މީހަކު އެއެއްޗެހި ފިހެވެމުންދިޔަ މަންޒަރު ބަލަން ތިބިއިރު އެތިބީ ދުލުގައި އޭގެ ރަހަޖެހޭނެ އިރަކަށް ކެތްމަދުވެފައި ހެން ހީވެއެވެ. ފިހެވެމުން ދާވަރަކަށް ދާރާ ތަށިތަކަށް ވައްތަރުތައް ވަކިކޮށް އަޅަމުން ދިޔައެވެ. އެއްވަރެއްގައި ނާށިގަނޑުގެ ހޫނުމިން ހިފަހައްޓަމުން އަންބަރު ދިޔައިރު އެކަމުގައި ދިނާރުވެސް ބައިވެރިވިއެވެ. ދިނާރަށް، ދާރާގެ ރުހުން ލިބުނު އިރު އަދިވެސް އޭނާއަށް ހީވަނީ އަންބަރުގެ ރުހުން ނުލިބޭހެންނެވެ. އެހެންވެ އޭނާ މަސައްކަތް އެކުރަނީ އޭނާއަކީ ބަލްމާއަށް އެކަށީގެންވާ ޒުވާނެއްކަން އަންބަރަށް އަންގައި ދިނުމަށެވެ. އަދި ދުވަހަކުވެސް ބަލްމާއަށް ދެރަގޮތެއް ހަދާނެ މީހެއް ނޫންކަން އަންގައި ދިނުމަށެވެ. އެއިން އެއްވެސް ކަމެއް އަންބަރަށް ފާހަގަ ކުރެވޭ ވަރަށް ވުރެ އޭނާގެ ހިތްވަނީ ނުތަނަވަސް ވެފައެވެ. އެކިއެކި ޚީޔާލުތަކުން ސިކުނޑި މުޅިން ހަލަބޮލިކޮށްލާފައެވެ.

“މިކަންވެސް މި ނިމުނީނު” ދާރާ ވަރަށް ހިނިއައިސްފައި ހުރިހާ ކުދިންނަށް ބަލާލަމުން ބުންޏެވެ. އަދި އެންމެން ގޮވައިގެން ގޭތެރެއަށް ވަންނަން އުޅުމުން އެންމެ ފުރަތަމަވެސް ވަނީ ސުލައިމާނެވެ. އޭނާ ވަދެފައި ދެންވެއްދީ ބަތީލެވެ. އެއަށްފަހު ބަލްމާއެވެ. ދެން ސުލައިމާނު ހެދި ގޮތަކީ ދާރާ ލައްވާ ފެންޖަގެއް ގެނެސް އެހެން ކުދިން ގާތު އެހަށް މަޑުކުރުމަށް ބުންޏެވެ. އެކަކަށްވެސް ސުލައިމާނުގެ ބަހާއި ދެކޮޅު ހަދާކަށް ނުކެރުނެވެ. މިވީ ގޮތާއިމެދު މިންހާޖު އެހާ ހިތްހަމައެއް ނުޖެހުނެވެ. އޭނާގެ ހިތް ބިރުގަންނަ ގޮތް ވެއްޖެއެވެ. އޭނާގެ ސިއްރުތައް ބޭޒާރުވާން އުޅެނީބާއޭ ވަގުތުން ހިތަށް އެރިއެވެ. އެހެންނަމަވެސް އޭނާއަށް އެގެއިން ނުކުމެގެން ދާކަށް ނުކެރުނެވެ. އޭރުން އަދި މާބޮޑަށް ޝައްކު ކުރެވިދާނެއޭ ހިތަށް އެރީއެވެ. އެހެންވެ މަޑުމަޑުން އެންމެގެން ފަހަތުގައި ހުރީއެވެ.

ސުލައިމާނު ޖަގުގައި ހުރި ފެނަށް ކިޔަވާފައި ބަތީލާއި ބަލްމާގެ ރަޙުމަތްތެރިންގެ ފަޔާއި އަތް އެފެނުން ދޮއްވާފައި ގެއަށް ވައްދައިފިއެވެ. ގޭތެރެއަށް ވަދެވުމާއިއެކުވެސް މިންހާޖުގެ ހާސްކަން އިރުގަނޑެއްވަންދެން ހުއްޓެވެ. އެއްވެސް ކަހަލަގެ އުނދަގުލެއް އޭނާއަށް އިޚްސާސް ނުވުމުން، އޭނާގެ އަމިއްލަ ޒަމީރު އޭނާއަށް ވިސްނައިދިނީ މާބޮޑަށް ކަންތައްތަކާއި ހާސްވަނީ ކަމުގައެވެ. އެހާ ފަސޭހައިން އޭނާގެ ސިއްރު ބޭޒާރެއް ނުވާނެކަމުގެ ޔަގީންކަން ކުއްލިއަކަށް ލިބިގެން ދިޔައެވެ. ހެވިލާފައި މިންހާޖު އައިސް ބަތީލުގެ ގާތުގައި ސޯފާގައި އިށީނެވެ. އަދި އެންމެންގެ ތެރޭގައި ވަކިން ބޮޑަށް އޯގާތެރިކަން ދައްކަން މަސައްކަތް ކުރިއެވެ.

(ނުނިމޭ)

Leave a Comment

Your email address will not be published. Required fields are marked *