ANDHIREEGE THEREYN [ 04 ]

“ކާކު” ދިނާރަށް އަހާލެވުނެވެ. ދެންވެސް ބަލްމާ އޭނާ ލައިގެން ހުރި  ސްޕޯޓްސް ހަރުވާޅު ތިރިކޮއްލުމާއިއެކު ދިނާރަށް ދައްކާލިއެވެ.

“ސުބްޙާނަﷲ… ބެލް…” ދިނާރަށް މިހެން ބުނެވުމާއިއެކު އަވަސް އަވަހަށް އައިސް ބަލްމާގެ ހަރުވާޅު މައްޗަށް ނަގާ، ލައިގެން ހުރި ގަމީސްކޮޅުގެ ގޮށްތައް އަޅުވަން ފެށިއެވެ. ބަލްމާއަށް ކުރިއަށްވުރެވެސް ބޮޑަށް ރޮވުނީއެވެ. ދިނާރުގެ ހާސްކަން ކޮޅުން ލައިގެން ދިޔައެވެ. ހަދާނެގޮތެއް ނުވިސްނުނު އިރު ބަލްމާއަށް ދިމާވާކަންތަކުގެ ބޮޑުމިން އޭނާއަށްވެސް އަންދާޒާ މިކުރެވުނީ އަދިކިރިޔާއެވެ. ބަލްމާ ގޮވައިގެން އައިސް ސޯފާގައި އިށީނދެ، ބޮލުގައި ފިރުމަމުން ދިޔައީ ހުއްޓާލާށޭ ބުނަމުންނެވެ.

“ހެލްޕް މީ، ހެލްޕް މީ ޕްލީޒް” ރޮމުން ބަލްމާ ބުންޏެވެ.

“އަހަރެން ބެލްއަށް އެހީވާނަން، ތިކަމަށް އިރާދަކުރެއްވިއްޔާ ނިންމުމެއް ގެނެސްދޭނަން، ބެލް ދެރަނުވޭ، އަހަރެން މިހުރީނު، ހުރިހާކަމެއް ރަނގަޅުވާނެ” ދިނާރަށް އިތުރަށް ބުނާނެ އެއްޗެއް ނޭނގުނެވެ. ދުވަހަކުވެސް އޭނާ ދެކެފައި ނުވާ ކަންތައްތައް ކަމުން ކަންކުރަންވީ ކިހިނެއްކަމެއްވެސް އޭނާގެ ސިކުނޑިއަކަށް ނުވިސްނެއެވެ. ހާސްކަމުގެ ތެރެއިން އޭނާ ފޯނު ނަގާ މުއާދަށް ގުޅީ ގޮތް ހުސްވެފައި އިން މީހަކު ފަދައިންނެވެ.

“އެމީހުން ގާތު ބުނާކަށް ބޭނުމެއްނޫން، އެކަކަށްވެސް މިކަން އެނގޭކަށް ބޭނުމެއްނޫން، ޕްލީޒް ދިނާރު” ބަލްމާ ދެލޯ ފޮހެލުމާއިއެކު މަޑުމަޑުން ބުންޏެވެ. އަދި ދިނާރުގެ މޭގައި ބޮނޑިވެގަތީ އޭނާ ބޭނުންވަނީ ހަމައެކަނި ދިނާރުގެ ހިމާޔަތްކަމަށްވާތީއެވެ.

“އަހަރެން ބިރުގަނޭ އެކަނި ހުންނަން، އަނދިރިވީމަ ވަކިން ބޮޑަށް ބިރުގަނޭ، ކޮންމެ އަނދިރިގަނޑެއްގައި އެމީހާ ހުންނަނީ ބަލަން” ދިނާރު މުއާދާއި ފޯނުން ވާހަކަދައްކާ ނިމުމުން ބަލްމާ އަނެއްކާވެސް މަޑުމަޑުން ވާހަކަދެއްކިއެވެ.

“ބެލް، އަހަންނަކީ ދުވަހަކުވެސް ތިކަހަލަ ކަމެއް ދުއް މީހެއް ނޫން، ރަނގަޅު ކުރަން ކުރާނީ ކޮންކަމެއްކަންވެސް އެންމެ ކުޑަމިނުން އަހަންނަކަށް ނޭނގޭ، ދޮގެއް ނަހަދަންޏާ ބުނެވޭނީ އަހަންނަކީ އެހާ ދީނީ މީހެއް ނޫނޭ، އެކަން ބެލްއަށް އޮޅިފައެއް ނޯންނާނެ، ކިޔާނެ މާގިނަ ހެޔޮ އެއްޗެހި ތަކެއްވެސް އަހަންނަކަށް ނޭނގޭ، އަހަރެންވެސް ބޭނުމެއްނޫން ބެލް ބޭޒާރު ކުރާކަށް، އެކަމަކު ބެލް ވިސްނާލަބަލަ، މަޑޭމެންނަކީ އެންމެ ކައިރީގައި ތިބި ރައްޓެހިން، ކަމެއް ކޮށްދޭންވެސް ތިބީ އެމީހުން، އަނެއްކާ މިންހާޖު ކުރިކަމަކުން ރޭ އިރާކޮޅު އެވީ ކަންތަކުންވެސް ސަލާމަތްވީ، އޭނާއަށް މިކަހަލަ ކަންތައްތައް ކޮންމެވެސް ވަރަކަށް އެނގޭތީ، އަހަރުމެންނަށް އެންމެ ބޮޑު އެހީއެއް ވެދެވޭނީވެސް މިންހާޖަށް، ބެލްއަށްވެސް އެނގޭނެ ޑޮކްޓަރަށް ދައްކައިގެން މީ ހައްލުވާނޭ ކަމެއްނޫންކަން، އެމީހުންވެސް ކުރާނީ އިތުރު ސުވާލުތަކެއް، އަހަންނަށްވެސް ރޭގައި އެވީ ކަންތައް ނުފެނުނުނަމަ ބެލްގެ ހަށިގަނޑުގައި ހުރި ނިޝާންތައް އެޅުވޭނީ ކޮންމެވެސް އެހެންކަމަކާ، މިކަހަލަ ކަންތައްތައް ރަނގަޅު ކުރުމަށް ބޭނުންވަނީ ޑޮކްޓަރުންނެއް ނޫން، އެފަދަ މީހަކުވެސް ހޯދާނީ ކޮންތާކުން ކަމެއް އަހަންނަކަށް ނޭނގޭ، ބެލް، އެމީހުންގެ އެހީ ލިބުނަސް ހުރިހާ ކަމެއް އެމީހުންނަކަށް ކިޔައެއް ނުދޭނަމޭ، އެހެންވީމަ އެމީހުންނަށް ކަންތައްތައް އެނގިދާނެތީ ހާސްނުވޭ، ދެން އަދި ބުނަންތަ ވާހަކައެއް، ޤަބޫލު ކުރާނަންތަ” ދިނާރު ބަލްމާގެ މޫނުގައި ހިފާ އޭނާއަށް ފެންނާނޭ ގޮތަށް ހިފަހައްޓާލިއެވެ.

“ހޫމް، އަހަރެން ދިނާރަށް އިތުބާރުކުރަން، އައި ލަވް ޔޫ” ބަލްމާ ބުނެލިއެވެ.

“އެހެންވީރު މިކަމުގެ ވާހަކަ މަންމަމެން ގާތު ބުނަންވީނު، އެންމެ ފުރަތަމަ ބެލްގެ ދޮންތަ ގާތު ބުނަން ފެނޭ” ދިނާރު މިހެން ބުނުމާއިއެކު ވަގުތުން ބަލްމާ ދެކޮޅު ހެދިއެވެ.

“ބެލް، ރޭގަނޑު ނިދާގަޑީގަ އަހަންނަކަށްވެސް ބެލްގެ ކޮޓަރިއަށް ވަދެ ހަށިފާރަވެރިއަކަށް ނުހުރެވޭނެ، އެފަދަ ވަގުތެއްގައި އެހީތެރިވެވޭނީ އެންމެ ކައިރީގައި ތިބޭ މީހުންނަށް، ޢާއިލާ މީހުންނަށް، ދެން ކީއްވެ އެމީހުން ގާތު ނުބުނަންވީ” ދިނާރު ވިސްނާދެވޭތޯ އުޅުނެވެ.

“ދޮންތަ ގާތު ބުނާކަށް ބޭނުމެއްނޫން، އެމީހުންނަށް ނާންގަންވެގެން ދިނާރު ގާތު މިބުނީ، އަހަންނަށް އެހީވާން ދިނާރު ތިހިރީނު، ދިނާރު އަހަރެން ރަނގަޅުކޮށްދޭނަމެންނު، އެމީހުނަނަށް މިކަން އެނގުމުގެ ކުރިން އަހަރެން މިކަމުން ސަލާމަތްކޮށްދީ، އަހަންނަށް ހާދަ ތަދުވެޔޭ، އަހަރެން ހާދަ ބިރެއްގަނެޔޭ، ޕްލީޒް ދިނާރު ޢާއިލާ މީހުންނަށް އެނގުނީމަ ކުއްވެރި ކުރާނީ އަހަރެން، މިހާރުވެސް އެމީހުން ކިޔާނެ އެއްޗެހި އަހަންނަށް އެނގޭ، ބުނާނެ އަހަރެންގެ ވިޔާނުދާ ކަމުންނޭ މިކަމެއް ދިމާވެގެން މިއުޅެނީ، އެކަމަކު މިކަހަލަ ކަމެއް ދިމާވާންޖެހޭ ކަމެއް މަށެއް ނުކުރަމެންނު” ބަލްމާއަށް ރޮވެން އުޅުނެވެ.

އިރުއޮއްސެން އުޅެނިކޮށް މުޢާދާއި އާން އާއި މިންހާޖު ބަލްމާމެންގެއަށް އައެވެ. މިންހާޖު އިނީ ލިބުނު ފުރުޞަތުން ހިތްހަމަޖެހިފައެވެ. ހާރޫނު އޭނާއަށް ދިން ޗޮކުލެޓަށް ބަލްމާ ހެދީ ކިހިނެއްތޯ ބަލަން އޭނާ ބޭނުމެވެ. އެންމެން ގެއަށް ވަނުމުން ދިނާރު ސިޓިން ރޫމު ދޮރު ތަޅުލާފައި އައިސް ބަލްމާއަށް ދިމާވެގެން އުޅޭ ކަންތައް ކުޑަކުޑަކޮށް އެންމެނަށް ކިޔާދިނެވެ. އެންމެވެސް ތިބީ ހައިރާންވެފައެވެ.

“މިންހާޖު، އަހަންނަށް އެނގޭ ކަލެއަށް މިކަހަލަ ކަންތައްތައް އެނގޭކަން، ނިކަން ޚިޔާލެއް ދީބަލަ، އެހާވަރުން މަޑޭ ގާތު ކަލޭ ގޮވައިގެން އަނައްޗޭ ބުނެވުނީވެސް އެހެންވެ” މަޑުމަޑުން ފިކުރެއްގައި އިން މިންހާޖަށް ދިނާރު ބުންޏެވެ.

“ތީ ވަރަށް ބޮޑު ކަމެއް، އަހަރެންގެ ރައްޓެއްސެއްގެ ރައްޓެއްސެއް ހުރޭ ތިކަހަލަ ކަންތައްތައް ކުރާ މީހަކު، އެކަމަކު އެކަހަލަ މީހުންނަކީ ވަރަށް ބައިވަރު ރުފިޔާ ނަގާ ބައެއް”  މިންހާޖު ދުރުދުރުން ބުނެލިއެވެ.

“މިވަގުތު ފައިސާއަށްވުރެ އަހަންނަށް ބެލް މުހިންމު، އަހަރެން ބޭނުންވަނީ މިކަން ރަނގަޅުވާން، މިންހާޖަށް ހީވަނީ ކިހިނެއް، އޭނާއަށް މިކަން ރަނގަޅު ކުރެވިދާނެތަ” ދިނާރު ވިސްނާލާފައި ބުންޏެވެ.

“އާން، ވަރަށް މުޖައްރިބު ކަމަށްވަނީ އޭނާ ކޮށްދޭ ކަންތައްތައް، ދިނާރު ބޭނުމިއްޔާ އަހަރެން އޭނާ އާއި ބައްދަލު ވާނޭ ގޮތް ހަދައިދީފާނަން، ހާރޫން ކިޔާނީ އޭނާއަށް، އެކަމަކު މިއަވަށުގަ އުޅޭ މީހެއްނޫން އެއީ، އޭނާގެ ނަންބަރު އަހަރެން އަތުގަ އޮންނާނެ ހެން ހީވަނީ، ބަލާލަން ޖެހޭނީ” މިންހާޖު ބުނެލިއެވެ.

“އާން ތިކަން ކޮށްދީބަލަ، ހަމަ މިރޭ އަހަރެން ބޭނުން އޭނާ އާއި ބައްދަލުކޮށް މިވާހަކަތައް ކިޔައިދޭން، މިކަމަށް ހައްލެއް ހޯދަން” ދިނާރު ކެތްތެރިކަން ކުޑަގޮތަކަށް ބުންޏެވެ. މިންހާޖު އޭނާގެ ފޯނު ނަގާ ބަލަންފެށިއެވެ. ސްކްރީނުގައި އެންމެ ފަހުން ގުޅާފައި ހުރި ލިސްޓުގެ ތެރޭގައިވެސް ހާރޫނުގެ ނަންބަރު އޮތެވެ. އެހެންނަމަވެސް އޭނާއަށް ފެންނަ ކަމަކަށް ނުހެދިއެވެ. އެގޮތަށް އިރުކޮޅަކު ފޯނުގެ ނަންބަރުތައް ބެލުމަށްފަހު ދިނާރަށް ބަލާލިއެވެ.

“އަހަރެން ފުރަތަމަ ގުޅާފަ އޭނާ އާއި ވާހަކަ ދައްކާނަން، މަށާވެސް ކުޑަކޮށް ރައްޓެހިވީމަ، އެހަށް އަހާލަންވާނެ އެންނު މިކަހަލަ ކަމެއް ކޮށްދެވިދާނެތޯ، ހީވަނީ އަހަރެން ބުނީމަ ކޮށްދޭނެހެން” މިންހާޖު ފޯނު ހިފައިގެން ތެދުވަމުން ބުންޏެވެ. އެއާއިއެކު ދިނާރު ބޯޖަހާލީ އާއެނކޭ ބުނުމުގެ ގޮތުންނެވެ. މިންހާޖު އެބުނާ މީހަކާ ވީ އެންމެ އަވަހަކަށް އޭނާވެސް އެއިނީ ބައްދަލު ކުރަން ބޭނުންވެފައެވެ. މިންހާޖު ފޯނު ކަންފަތުގައި ޖަހާލައިގެން ހުރެ އެހެން މީހުނާ ދުރަށް ޖެހިލިއެވެ. އެވަގުތު ކަންބޮޑުވެފައި އިން އާން ވާހަކަދައްކަން ފެށިއެވެ. ބަލްމާއަށް ދިމާވާ ކަންތައްތައް އިތުރަށް އޮޅުން ފިލުވުމަށް އޭނާ އަވަސްވެގަތެވެ. އެހެންނަމަވެސް އެސުވާލުތަކަށް ޖަވާބު ދިނީ ދިނާރެވެ. ބަލްމާއަށް ދިމާވާ ހުރިހާކަމެއް ކިޔާދިނުމުގެ ބަދަލުގައި އޭނާ ވިސްނައިދިނީ މިވަގުތު ބަލްމާ އެކަނި ދޫކޮށްލައިގެން ނުވާނެ ކަމެވެ. އެކުވެރިންގެ އެހީ މިވަގުތު ބަލްމާއަށް ބޭނުންވާކަމެވެ. އޭގެ ފަހުން އެއްޗެއް ނުބުނެ އިން އާން ތެދުވެގެން ގޮސް އައިސްއަލަމާރި ހުޅުވާލިއެވެ.

“އޭނަ ބުނީ އޯކޭއޭ، އެކަމަކު ކަންތައް ދިމާވެގެން އުޅޭ ކުއްޖާ ގޮވައިގެން އަންނަންވާނީ އެމީހުންގެ ގެއަށޯ، އަދި ޤުރުއާނުގެ އާޔަތްތަކެއްވެސް އެބަހުރި ކިޔަވަން ދީފަ، ބުނީ އެކިޔަވާފަ ބެލްގެ ބޮލުގައި ފޮތިގަނޑެއް ނޫނީ ބުރުގާއެއް ކަހަލަ އެއްޗެއް އަޅުވައިގެން ނޫނީ ގޭން ނުނެރެއްޗޯ، ހިނގާފަ އައުމަށްވުރެ ރަނގަޅީ ޓެކްސީއެއްގައި އައުމޯ” ހާރޫން ބުނި އެއްޗެއް މިންހާޖު ކިޔާދެމުންދިޔައެވެ. އެވަގުތު އާން ބުނި އެއްޗަކަށް މިންހާޖުގެ ސަމާލުކަން ދިޔައެވެ.

“މީ ކޮން ޗޮކުލެޓެއްތަ، ރޭގަވެސް މީގަ އޮތް، ބެލް އަހަރެން މީތި ކާލަންތަ” ޕްލާސްޓިކު ކޮތަޅެއްގެ ތެރޭގައި އޮތް ޗޮކުލެޓު އާން ބަލްމާއަށް ދައްކާލަމުން ބުންޏެވެ.

އަވިސެއްހެން ދިޔަ މިންހާޖު، އާންގެ އަތުގައި ކޮތަޅަކަށް ލާފައި އޮތް ޗޮކުލެޓު އަތުލައިފިއެވެ. އަދި ކޮތަޅުގެ ތެރޭން އެ ޗޮކުލެޓު ނެގުމަށްފަހު މިންހާޖު ވަރަށް ރަނގަޅަށް އެއަށް ބަލާލިއެވެ. ޔަގީންވީ ދެނެވެ. އެއީ އޭނާ ހާރޫން ލައްވާ އެއްޗެއް ލިޔުއްވައިގެން ބަލްމާއަށް ގެނެސްދިން ޗޮކުލެޓެވެ.

“އެހެންވީމާ ހާރޫނު އެބުނީ ތެދެއްތާ، މިފަހަރު ހުރިހާ ކަމެއް އޮޅުން ބޮޅުން އަރައިގެން މިއުޅެނީ މިކަން ވާންވީގޮތަށް ނުވީމަ، ކިހިނެއްތަ އެނގޭނީ ބަލްމާވެސް މި ނުކާނެ ކަމެއް، އެހެންވިޔަސް ކަންތައް މިހާރުވެސް މިދަނީ ދެރަކޮށެއް ނޫން، ހަރޫން ގާތަށް ބަލްމާ ގެންދިޔައީމަ، ދެން ގަދަވާނީ މަގޭ ކޮޅު، އޭރުން ދެން ބަލްމާއަށްވެސް ދެއްކޭނެ ގަދައެއް ނޯންނާނެ” ސިކުނޑީގައި އުފެދުނު ނުބައި އޮއެވަރާއިއެކު މިންހާޖު ސޯފާގައި އިން ބަލްމާއަށް ބަލާލިއެވެ.

“އޭތް! ތީތި ދޭންވީ، މަށޭ ކުރިން ނެގީ، ބެލް އާނއެކޭވެސް ބުނެފި، މިންހާޖު ތި ޗޮކުލެޓު ދޭންވީ” އާން އަޑުގަދަކޮށްލާފައި ބުނަމުންދިޔައެވެ. ނަމަވެސް މިންހާޖު ޗޮކުލެޓު ހިފައިގެން އައިސް ސޯފާގައި އިށީނދެ އޭތި ބަލްމާއަށް ދައްކާލިއެވެ.

“މީ އަހަރެން ބެލް އާއި ޕީސް ހަދަން ގެނެސްދިން ޗޮކުލެޓު، ނުކައި ބާއްވާފަ މިއޮތީ އަހަރެންދެކެ އަދިވެސް ރުޅި އަންނާތިތަ، އަހަރެން ބުނީމެންނު ދެން ބެލް އާއި ދިމައެއް ނުކުރާނަމޭ” މިންހާޖު ހިތްހަމަނުޖެހި ދެރަވެފައި އިންގޮތް ދައްކާލަމުން ބުނެލިއެވެ.

“އަހަރެން ފަހުން ކާން ބޭއްވީ، ދެން ހަނދާންނެތިފަ ތިއޮތީ، މިންހާޖު ދެކެ ރުޅި އައިސްގެން ނުކާކަށް ނޫން، އެކަމަކު މިހާރު ކާހިތެއްނެތް، އާންއަށް ދިނަސް އޯކޭވާނެ، ވީ އަރ ސްޓިލް ގުޑް ފްރެންޑްސް” ބަލްމާ ލުއި ހިނިތުންވުމަކާއިއެކު ބުންޏެވެ.

“ބަޓް ސްޓިލް، އަހަރެން މި ޗޮކުލެޓު ގެނެސްދިނީ ބެލްއަށް، ބެލް މިހާރު ކާހިތްނެތިއްޔާ އަހަރެން މީތި ގެންދާނީ، އާން އަކަށްވެސް މި ޗޮކުލެޓެއް ނުދޭނަން، އާން ކާން ކޮންމެވެސް އެހެން އެއްޗެއް ހޯދާ” މިހެންބުނެ މިންހާޖު އޭނާގެ އަތުގައި އޮތް ޗޮކުލެޓު އޭނާ ލައިގެން ހުރި ޖިންސުގެ އަރިމަތީ ޖީބަށް ލިއެވެ. އެހެން މީހުން ބުނާނެ އެއްޗެއް ނޭނގިފައި ތިއްބާ ދެންވެސް ވާހަކަދެއްކީ މިންހާޖެވެ.

“ދިނާރު، ބެލް ގޮވައިގެން ދަންޏާ މިހާރު އެކަމާ އުޅެންވީނު، ކޮބާ، ހަތިމެއް ބޭނުންވާނެ، އަހަންނަކަށްވެސް ހިތަކުން އާޔަތްތައް ކިޔާކަށް ނޭނގޭ” މިންހާޖު ދިނާރަށް ނިތްއަރުވާލަމުން ބުންޏެވެ.

“ހިނގާ ވުޟޫ ކޮށްލަން ދަމާ، އޭގެ ފަހުގަ އެންނު މިކަން ކުރަން ފެށޭނީ، ބެލްވެސް ވުޟޫ ކޮށްލައިގެން ހުންނަންވާނީ” ދިނާރު ސޯފާއިން ތެދުވެ ބަލްމާއަށް އަތްދިއްކޮށްލިއެވެ. ނުތަނަވަސްކަން ބަލްމާގެ މޫނުމަތިން ފެނިގެން ދިޔައެއް ކަމަކު އޭނާ ދިނާރުގެ އަތުގައި ހިފާލަމުން ތެދުވިއެވެ. އެމީހުން ހިނގިއިގަތީ ބަލްމާގެ ކޮޓަރި އާއި ދިމާލަށެވެ. އެއާއިއެކު މިންހާޖުވެސް އެމީހުންގެ ފަހަތުން ހިނގައިގަނެއްޖެއެވެ. މުޢާދާއި އާންވެސް ތެދުވެ ހިނގައިގަތީ ދިނާރު ބުނިގޮތަށް ކަންތައް ކުރަން ބޭނުންވެގެންނެވެ.

ބަލްމާގެ ކޮޓަރިއަށް އެންމެން ވަން ވަގުތު ސިޓިން ރޫމުގައި ހުޅުވާފައި ހުރި ޓީވީ އިން މަޤްރިބު ނަމާދަށް ގޮވިއަޑުއިވުނެވެ. އެއަޑަށް ސަމާލުވި ދިނާރު އެންމެންގެ ގާތުގައި ނަމާދު ކޮށްލައިގެން ދާން ޚިޔާލު ފާޅު ކުރިއެވެ. އެކަމާ އެންމެންވެސް އެއްބަސްވިއެވެ. އެހެންނަމަވެސް ބަލްމާ ވަކި އެއްޗެއް ނުބުނެ މަޑުމަޑުން އިނެވެ. އެކޮޓަރިއަށް ބަލާލުމުން ފެންނަނީ ސާފުތާހިރު ކަމާއި މުޅި ކޮޓަރީގެ ތަރުތީބު ކަމެވެ. ރޭގަނޑު އެކޮޓަރިއަށް އަންނަ ބަދަލުތަކެއް އެކަކަށްވެސް ފާހަގަ ކުރެވޭވަރެއް ނުވެއެވެ. ބަލްމާއަށް ތެދުވެވުމާއިއެކު އޭނާ މިހާރު އެހުރި ގޮތަށް މުޅި ކޮޓަރި އެއްކޮށް ސާފުކޮށް ތަރުތީބު ކުރެއެވެ. އެހެން މީހުން އެކަމާ ސުވާލު އުފެދެނޭ އެއްވެސް ނިޝާނެއް ކޮޓަރީގައި ހުންނަން ބަލްމާ ބޭނުން ނުވަނީއެވެ.

“ބެލް، ފާޚާނާއަށް ނުވަންނަންތަ” އެންމެން ވުޟޫކޮށްގެން ނުކުތުމުން ދިނާރު އަހާލިއެވެ.

“އަހަރެން ވުޟޫ ކުރާނީ ކިހިނެއް، ނަމާދު ކުރާނީ ކިހިނެއް، ޤުރުއާން ކިޔަވާނީ ކިހިނެއް، އެއިން އެއްވެސް ކަމެއް ކުރެވޭފަދަ ހާލަތެއްގައެއްނޫން މިހިރީ” ބަލްމާ މިހެން ބުނެލުމުން ދިނާރަށް އޭނާ ބުނަން އެއުޅެނީ ކީކޭކަން ވިސްނުނެވެ.

“އެންމެން އެކުގައި ސިޓިން ރޫމަށް ނަމާދަށް އަރާނީ، ބެލް ސިޓިން ރޫމުގައި މަޑުކޮށްލައިގެން އިނދޭ އަހަރުމެން ނަމާދުން ފައިބަންދެން، ދެން މިންހާޖު ބުނިހެން ބޮލުގައި އަޅާނެ ފޮތިގަނޑެއް ހޯދަންވާނެ އެންނު” ދިނާރު ބަލްމާގެ ކޮލުގައި އަތްޖައްސާލަމުން ހިނިތުންވެލާފައި ބުންޏެވެ.

“ދިނާރު، އޮންނާނެ ދޯޕައްޓާއެއް، އޭތި އަލަމާރިން ނަގަންދެން މަޑުކޮށްލަބަލަ” އެންމެން ކޮޓަރިން ނުކުންނަން ފެށުމުން ބަލްމާ ބުނެލިއެވެ. އޭނާ އެކަނި އެކޮޓަރީގައި ހުންނަން ބިރުގަންނަނީއެވެ. ކުރިން ރޭތަކެކޭ އެއްގޮތަށް އޭނާގެ ހަށިގަނޑު ފިނިވާހެންވެސް މިހާރު ހީވާން ފަށައިފިއެވެ. އެހެންނަމަވެސް އޭނާ އެކަމަށް ސަމާލުކަން ނުދީވޭތޯ މަސައްކަތް ކުރިއެވެ. އަދި އަވަސް އަރުވާލާފައި އައިސް އަލަމާރީގެ ދޮރުފަތް ހުޅުވާލަމުން ތިރީގައި ހުރި ވަތްގަނޑު ހާވަން ފެށިއެވެ. ގިނައިރެއްނުވެ އޭގެ ތެރެއިން މަޑު ދަނބުކުލައިގެ ތުނި ތުނި ދޯޕައްޓާއެއް ނެގާ ދިނާރަށް ދައްކާލަމުން ރަނގަޅު ތޯ އަހާލިއެވެ. އެހިނދު ދިނާރު ބޮލުގެ އިޝާރާތުން އާނއެކޭ ބުނެލިއެވެ. ބަލްމާ އަވަހަށް ދޯޕައްޓާ ހިފައިގެން ދިނާރާއިއެކު ކޮޓަރިން ނުކުމެއްޖެއެވެ. އެވަގުތު ހަތިމުގެ މަތިން ދިނާރު ހަނދާންވުމުން އެސުވާލު ކުރިއެވެ. އެއާއިއެކު ބަލްމާ ކޮޓަރީގައި ހުރި ބިއްލޫރި ދޮރުފަތްލީ ފޮތް އަލަމާރި ތެރެއިން ދިނާރަށް ހަތިމު ދައްކާލިއެވެ. ބޭނުންވާ ހުރިހާ އެއްޗެއްހެން ލިބުމުން ކޮޓަރިން އެންމެ ފަހުން ނުކުތި ދިނާރާއި ބަލްމާއެވެ.

ސިޓިން ރޫމުގައި އެންމެން ނަމާދަށް އަރާ ތިބިއިރު ގޭތެރެއަށް ވެރިވެފައި އޮތް ހަމަހިމޭންކަން ބަލްމާއަށް އުނދަގޫ ކުރިއެވެ. އޭނާގެ މެޔަށް ބުނެދޭން ނޭނގޭ ގޮތްތަކެއް ވަމުންދިޔައެވެ. ނަމާދަށް ތިބި އެކުވެރިންދެކެ ރުޅި އަންނަ ގޮތް ވާންފެށީ އެއްވެސް ސަބަބަކާ ނުލައެވެ. ނުބައި ޚިޔާލުތައް ހިތާ ސިކުނޑިއަށް ވަންނަން ފެށީ އެއްވެސް އިޙްތިޔާރަކާއި ނުލައެވެ. ސޯފާގައި އިށީނދެގެން އިންއިރު މަޑުމަޑުން ދެފައި ސޯފާ މައްޗަށް އަރުވަމުން ދިޔައީ ބަލްމާއަށް އުނދަގޫވާން ފެށުމުންނެވެ. ކައިރީގައި މީހަކު އޭނާއަށް ގޯނާކުރަމުން ދާފަދަ އިޙްސާސެއް ކުރެވިގެންނެވެ. އިރުއިރުކޮޅާ ބަލްމާ އޭނާގެ ހަށިގަނޑުގެ ކޮންމެވެސް ދިމާލަކުން ފޮޅާލަނީ ގަޔަށް އެއްޗެއް އަރާހެން ހީވާތީއެވެ. ދެން ފެށީ އޭނާގެ ބުރަކަށި އައްސިވާށެވެ. ދެންވެސް ބަލްމާގެ ރުޅި ގަދަވާތީވެ އެރުޅި ކޮންޓްރޯލު ކުރެވޭތޯ އޭނާ މަސައްކަތް ކުރަމުންދިޔައެވެ. ނަމަވެސް ފަހަރަކަށްވުރެ ފަހަރެއް އަމިއްލަ ނަފްސުގެ މައްޗަށް އޮތް އިތުބާރު ގެއްލެމުންދިޔައެވެ.

ނަމާދުން ފޭބުމާއިއެކު އެންމެންގެ މޫނުމަތިންވެސް ހާސްކަން ފެނިގެން ދިޔައެވެ. އެކަކު އަނެކަކަށް ސުވާލުކޮށްލެވުނީ ބަލްމާ ފެންނަން ނެތުމުންނެވެ. ދިނާރަށް ހުރެވުނުތަންވެސް ނޭނގުނެވެ. ބަލްމާއަށް ވަރަށް ބާރަށް ގޮވާލުމާއިއެކު އެނބުރި ބަލްމާގެ ކޮޓަރި އާއި ދިމާލަށް ދުއްވައިގަތެވެ. ތަޅުގައި ހިފާލިއިރު ދޮރު ހުރި ތަޅުލާފައެއްނޫނެވެ. އެހެންނަމަވެސް ދޮރެއް ނުހުޅުވުނެވެ. ގައިގާ ހުރި ބާރެއްލާފައި ދިނާރު ބަލްމާގެ ކޮޓަރީ ދޮރުގައި ދެއަތްވިއްދާލަމުން ކޮއްޕާލިއެވެ. އެހެންނަމަވެސް ދޮރަށް ކުޑަވެސް ލޮޅުމެއް ނޭރިއެވެ. އިތުރަށް ހާސްވެ ކަންބޮޑުވިވަރުން މުޢާދާއި މިންހާޖަށްވެސް ގޮވިއެވެ.

“ދޮރު ހުޅުވޭނީ ހަމައެކަނި އެތެރެއަށް ވާގޮތަށް، ތަޅުގައި ހިފިއިރު ތަޅުވެސް ނުލާ ހުރީ، އެކަމަކު މި ދޮރެއް ނުހުޅުވުނު، އަހަންނަށް ޔަގީން ބެލް ކޮޓަރީގައި އެބަހުރިކަން” ދިނާރު އޭނާގެ އެކުވެރިންނަށް ބަލަމުން ބުންޏެވެ.

“މިހާރު އޭނާ ހުންނާނީ ހަމަހެޔަކުވެސް ނޫންކަންނޭނގެ، ބެލް އެކަނި ކޮޓަރިއަށްވަދެ ހުންނާނެއެކޭ އަހަރެންގެ ހިތެއްވެސް ނުބުނޭ، ހިނގާ އަވަހަށް އޭނާ މިތަނުން ނެރެވޭތޯ އުޅެމާ، އެކަމަކު މީހެއްގެ ގެއެއްމީ، އެހެންނޫނަމަތާ ދޮރު ފަޅާލާނީވެސް، އަހަރެން ހާރޫނަށް އެބަ ގުޅަން، އޭނާއަށް މި ދޮރު ހުޅުވާނޭ ގޮތް އެނގޭނެ” މިންހާޖުވެސް ކަންބޮޑުވެފައި ހުރިވަރުން އަވަސް ހައްލެއް ހޯދަން އުޅުނެވެ.

އެތަށްއިރެއްވަންދެން މަސައްކަތް ކުރިއިރުވެސް ނުހުޅުވުނު ކޮޓަރީގެ ދޮރު ހުޅުވުނީ ހާރުން ބުނިގޮތަށް ކަންތައްކޮށްގެންނެވެ. އޭނާ ބުނިގޮތަށް ކިޔެވި އެއްޗެއްވިއްޔާ ކިޔެވީ މިންހާޖެއެވެ. އެވެސް ކޮޓަރީގެ ތަޅުގައި ހިފަހައްޓައިގެން ހުރެއެވެ. މިންހާޖު އެކަން ކުރުމުން ދެފަހަރެއްގެ މަތިން މުޅިގެއަށް ލޮޅުން އަރާވަރުގެ ބާރު އަޑެއް އިވިފައި ކުއްލިއަކަށް ދޮރު ހުޅުވިއްޖެއެވެ. ފެނުނު މަންޒަރުން އާންއަށް އަޑުގެކޮޅަށް ހަޅޭލަވައިގަނެވިއްޖެއެވެ. މުޢާދު އަވަހަށް އާންގެ ގައިގާ ހިފަހައްޓާލުމުން އޭނާ މުޢާދުގެ މޭގައި މޫނު ފޮރުވާލިއެވެ. ކޮޓަރިތެރެއިން ފެންނަން ހުރި އަލިފާން ގުޅަ ކުއްލިއަކަށް ގެއްލުމާއިއެކު މިންހާޖާއި ދިނާރު ކޮޓަރިއަށް ވަނެވެ. މުޅި ކޮޓަރިއަށްވަނީ ކަނު އަނދިރިކަން ވެރިވެފައެވެ. ފާރުގައި ހިތުލަފަޔަށް އަތްހާކަނިކޮށް ދިނާރުގެ އަތް ސުވިޗު ބޯޑުގައި ޖެހިއްޖެއެވެ. ކުއްލިއަކަށް އަލިވެގެން ދިޔަ ކޮޓަރީތެރޭގައި ވެއްޓިފައި އޮތް ބަލްމާ ފެނުމުން ދިނާރު ވަގުތުން މިންހާޖުގެ ކޮނޑުގައި ހިފާ އަނބުރާލީ ބަލްމާ އޮތް ހާލު އޭނާއަށް ނުދެއްކުމަށެވެ.

“ދޮރުކައިރީ މިންހާޖު މަޑުކުރޭ، އަހަރެން ބެލް ގޮވައިގެން ނުކުންނާނަން” ދިނާރު ބުނެލިއެވެ. ދިނާރު އެދުނު ގޮތަށް މިންހާޖު ގޮސް ކޮޓަރީގެ ދޮރުކައިރީ މަޑުކޮށްލިއެވެ.

“ކިހިނެއްވީ” ދޮރުން ބޭރުގައި ހުރި މުޢާދަށް އަހާލެވުނެވެ.

“ބަލްމާ އޮތް ގޮތުން، އެހެން މީހަކު މިވަގުތު ކޮޓަރިއަށް ވަނުން އެހާ ރަނގަޅެއް ނުވާނެ، މަށަށް ފެންނަނީ އާން ބިރުގަންނަންޏާ އޭނާ ގެންގޮސް ގެއަށްލާން” މިންހާޖު ބުންޏެވެ.

“ނޫން، އަހަރެން ބޭނުން ބެލް ގާތުގައި ހުންނަން” އާން ބޮޑާހާކާލިއެވެ. އެކަމާ މުޢާދު އާއި މިންހާޖު އެއްވެސް އެއްޗެއް ނުބުންޏެވެ.

ދިނާރު ބަލްމާގެ މޫނުގައި މަޑުމަޑުން ހިފާ ކޮލުގައި ޖަހާލުމުން ބަލްމާ ލޯނުހުޅުވާ އޮވެ ފެށި ރޯށެވެ. އެވަގުތު ދިނާރުގެ ލޯވެސް ފެންކަޅިވެގެން ދިޔައެވެ. އެހެންނަމަވެސް މިވަގުތު އޭނާ ހިތްވަރު އެލުވާލައިގެން ނުވާނެކަން އަމިއްލަ ޒަމީރު ހަނދާންކޮއްދިނެވެ.

“ބެލް، ހިތްވަރުކޮށްފައި ތެދުވޭ، ހިނގާ ދަމާ، އިރާދަކުރެއްވިއްޔާ މިރޭ ނުވާނެ މިފަދަ ކަމެއް، މިންހާޖު އެބުނާ މީހަކީ ވަރަށް މޮޅު މީހެއްހެން އަހަންނަށްވެސް ހީވަނީ، އަވަހަށް ހިނގާދަމާ” ދިނާރު ބަލްމާގެ ބުރަކަށި ދަށަށް އެއްއަތް ލައްވާލަމުން އޭނާ ނަ ތގަން މަސައްކަތް ކުރިއެވެ.

ހިތްވަރުކޮށްފައި ބަލްމާ ދިނާރުގެ އެހީގައި ތެދުވެ ހަށިގަނޑު ނިވާކުރިއެވެ. އެއްޗެއް ބުނަން ދިނާރާ ދިމާލަށް ބަލްމާ އެނބުރިފަ އަނގަހުޅުވާލިއެއްކަމަކު އޭނާގެ އަރުން އެއްވެސް އަޑެއް ނުނިކުތެވެ. ދެތިން ފަހަރަށް ކަރުކެހިލުމާއިއެކު ކުރަކިވެފައިވާ އާހެއް ނުކުތެވެ. އަދިވެސް ބަލްމާއަށް ރޮވެނީއެވެ. ގަސްދުގައެއް ނޫނެވެ. ބިރުވެރިކަމުން ފުރިގެންވި ހުވަފެންނަކަށް އޭނާއަށް ދިމާވާ ކަންތައްތައް ވާނެނަމައޭ ބަލްމާގެ ހިތަށް އަރައެވެ. އޭރުން ގައިމުވެސް ސިއްސައިގެން ގޮސް ހޭލެވުމުން އެކަމުގެ އަސަރު ފިލައިގެން ދިޔައީތާއެވެ. ނަމަވެސް އެއާއި ޚިލާފަށް އޭނާއަށް ދިމާވާ ހުރިހާ ކަމެއް ދިމާމިވަނީ ހޭލާ ހުންނައިރުއެވެ. އޭގެ އިތުރުން އެކަމުގެ ނިޝާންތައްވެސް ހަށިގަނޑުން ފެންނަން ހުންނަނީއެވެ.

ދިނާރުގެ އެހީގައި ބަލްމާ ފާޚާނާއަށްވަނެވެ. އަދި ބަލްމާ ފެންވަރާލަންދެން ދިނާރު ފާޚާނާގެ ދޮރުކައިރީ ބަލްމާއަށް ފެންނަ ހިސާބުގައި މަޑުކޮށްލައިގެން ހުއްޓެވެ. ފުރަގަސްދީގެންނެވެ. ބަލްމާ ގޮވާލާއިރަށް އަޑުއިވޭނޭހާ ކައިރީގައި ހުރުމަށް ދިނާރުވެސް ބޭނުންވީއެވެ.

“މިންހާޖު ބެލްއަށް ކިހިނެއްވެތަ އޮތީ، އަހަރުމެން ނުވަންނަންވީ ކީއްވެތަ” ބިރުން ހުއްޓެއް ކަމަކު އޭނާ ހުރީ ބަލްމާއަށް މިވާގޮތެއް އެނގެން ބޭނުންވެފައެވެ. ކަމުގެ ތަފްޞީލު އަޑުއަހަން ވަރަށް ބޮޑަށް ޝައުގުވެރިވެފައެވެ.

“މަށަކަށްވެސް ނުފެނޭ ބެލްއަށް ވެފައޮތް ގޮތެއް، އޭރު ފެނުނު އަލިފާން ގުޅައަކީ ޖިންނިއެއް، ހީވަނީ ޖިންނި ބެލްއަށް އަނިޔާ ކުރަނީހެން” ޖިންސުގެ އަރިމަތީ ދެޖީބަށް އަތްޖަހައިލައިގެން ބަލްމާގެ ކޮޓަރި ދޮރުމަތީ ހުރެ މިންހާޖު ބުންޏެވެ.

“ބެލް އާއި ޖިންނި އެއް އަވަލީތަ” އާން އަހާލިއެވެ.

“ހީވަނީ އެހެންހެން، ދެން ތިހެން ނުކިޔާ، ބެލްއަށް އަޑުއިވިއްޖެއްޔާ ދެރަވާނެ، އަނެއްކާ ދިނާރުވެސް ހުރީ ވަރަށް ކަންތައްބޮޑުވެފަ” މިންހާޖު މިހެން ބުނެލިއިރުވެސް އޭނާގެ ބޮލުގައި ތަފާތުގޮތަކަށް ރިއްސާލިއެވެ.

ރީތިވެލައިގެން ބަލްމާ ނުކުން އިރު ހުރީ ހުދާ ނުލުގެ ހުރަސް ރޮނގުދެމި އަތްދިގު ޓީޝާރޓު ކޮޅަކާއި ގަދަނޫކުލުގައި ފަޔަށް ހިފާފައި ހުރި ޖިންސެއް ލައިގެންނެވެ. ތެތްކަން އެކުލެވިފައި އޮތް ފަން އިސްތަށިގަނޑު ނިއުޅާލާފައި އޮތްއިރު އަތުގައި  އިސްތަށިގަނޑު ހިފަހައްޓާލަން ޖަހާ ކަހަލަ ދައްޗެއް އޮތެވެ. އޭނާ އާއިއެކު ދިނާރުވެސް ނުކުތެވެ. ބަލްމާގެ މޫނުމަތީގެ ތާޒާކަން ވަނީ ރީތި މަލެއް މޯޅިވެފައި ވާފަދަ ގޮތަކަށް މިލާއިގެން ގޮސްފައެވެ. ބަލްމާ ފެންނަ މީހަކަށް ހީވަނީ އޭނާ ވަރަށް ބޮޑަށް ބަލިވެ އުޅެނީހެންނެވެ.

“ކޮބާ، ހިނގާ ދަމާ” ބަލްމާ ގޮވައިގެން ނުކުން ދިނާރު ބުނެލިއެވެ.

“އަދި ދެވޭކަށް ނެތެއްނު، އެހަށް ކިޔަވަށެންނުވީ” މިންހާޖު ހަނދާންކޮށްލަ ދިނެވެ. އަދި އެންމެން އެކުގައި ސިޓިން ރޫމަށް ނުކުތެވެ. ސޯފާގައި މިންހާޖާއި ދިނާރުގެ މެދުގައި ބަލްމާ އިންއިރު ހަތިމު އޮތީ މިންހާޖުގެ އަތުގައެވެ. އޭނާ ހާރޫނު ބުނި ފަދައިން ކިޔަވަންވީ ތަންތަން ހަތިމުން ފާހަގަ ކުރަމުން ދިޔައެވެ. އެކަން ކޮށްނިމުމާއިއެކު ދިނާރަށާއި ބަލްމާއަށް ބަލާލަމުން ފަށަނީ ކަމުގައި ބުންޏެވެ. ބަލްމާއަށް ބަލާލެވުނީ ދިނާރަށެވެ. ދިނާރު، މިންހާޖަށް ބޮލުގެ އިޝާރާތުން ފަށަންވީ ކަމުގައި ބުނުމުގެ ގޮތުން ބޯޖަހާލިއެވެ.

މިންހާޖު، ހާރުން ބުނި ފަދައިން ކަންތައްކުރުމުން ދިޔައިރު ބަލްމާގެ ނޭވާ އަވަސްވެ އޭނާ ދާހިތްލަމުން ދިޔަކަން ދިނާރަށް ފާހަގަވިއެވެ. ނަސީބަކުން އެނޫން އެއްވެސް ކަމެއް ބަލްމާއަށް ނުވުމުން އޭނާ ވަރަށް ހިތްހަމަޖެހުނެވެ. ހާރޫނާމެދު ކުރެވޭ އިތުބާރު ބޮޑުވެގެން ދިޔައެވެ. މުޢާދު އަވަހަށް ޓެކްސީއެއް ހޯދިއެވެ. މިންހާޖު ނޫން އެންމެން ހާރޫން މެންގެއަށް މިސްރާބު ޖެހީ ޓެކްސީގައެވެ. އެހެންނަމަވެސް މިންހާޖު ދިޔައީ އޭނާގެ ސައިކަލުގައެވެ. ޓެކްސީއަށްވުރެ ކުރިން ހާރޫންމެންގެއަށް ދާން އޭނާ ބޭނުންވާތީއެވެ.

ހާރުންމެންގޭގެ ކުރިމައްޗަށް ޓެކްސީ މަޑުކުރުމާއިއެކު ދިނާރަށް އެގޭގެ ގޭޓު ކުރިމަތީގައި މިންހާޖާއި އެކު ހުރި ދެބައި އުމުރުގެ ފިރިހެނަކު ފެނުނެވެ. އެހެންވެ އެއީ ހާރޫން ކަމުގުގައި ވަގުތުން ދިނާރަށް ނަގައިގަނެވުނެވެ. ޓެކްސީއިން ފޭބިމާއިއެކު އާދަޔާއި ހިލާފު ބާރުވައިރޯޅިއެއް ޖެހިލިއެވެ. ބަލްމާ އަވަސް އަވަހަށް ބޮލުގައި އަޅައިގެން ހުރި ދޯޕައްޓާގައި ބާރަށް ހިފަހައްޓާލިއެވެ. ދިނާރަށްވެސް ބަލްމާގެ ކޮނޑުގައި ހިފާ ގާތްކޮށްލެވުނެވެ. އެވަގުތު މިންހާޖު ގޮވާލީ އަވަހަށް ގޭތެރެއަށް އައުމަށެވެ.

ތަނަވަސް ބޮޑު ގެއެއް ނަމަވެސް ގޭތެރޭގައިވަނީ ފަޅުކަމެވެ. ވަށައިގެންވި ފާރުތަކުގައި އެކިވައްތަރުގެ މާމެލާ މެލީގެ ރީތި ކުރެހުންތަކުގެ ފްރޭމްތައް ހަރުކޮށްފައި ހުއްޓެވެ. ތަނަވަސްކަމުގެ ގޮތުން އެތަނުގެ ފަރުމާ ކުރުމުގައި މަދުވާ ހަމަ އެކައްޗެއްވެސް ނެތްކަން ގައިމެވެ. ސޯފާތަކުގެ މަޑުކަމާ އޮމާންކަމުން ހީވަނީ ދުވަހަކުވެސް އެތަނުގައި ބަޔަކު އިށީނދެފައި ނުވާހެންނެވެ.

“ކިހިނެކޭ ވަނީ” އެންމެން ސިޓިން ރޫމުގައި ހުރި ސޯފާގޮނޑިތަކުގައި ހަމަޖެހިލުމުން ހާރޫން އެހިއެވެ.

“މިންހާޖު ކިޔާ ދެއްވި ނޫންތޯ ވާ…” ދިނާރުގެ ވާހަކަ ހުއްޓާލުމަށް ހާރުން އަތުން އިޝާރާތް ކޮށްލިއެވެ.

“ކަންތައް ދިމާވާ އަންހެން ކުއްޖާގެ ދުލުން އަހަންނަށް ކިޔާދެންވީ” ހާރޫން ބޭނުންވާ ގޮތް ހާމަކުރިއެވެ. މިހެން ބުނުމުން ބަލްމާ، ހާރޫނަށް ބަލާލީ އެކަމެއް އެހެން ނުވާނެއޭ ބުނާ ފަދަ ގޮތަކަށެވެ. އެންމެންގެ ކުރިމަތީ އޭނާއަށް ކުރިމަތިލާންޖެހޭ ކަންތައްތައް ކިޔާދޭން ބަލްމާ ޖެހިލުންވަނީއެވެ. ލަދުގަންނަނީއެވެ.

“ކޮބާ ކިޔާދޭންވީނު އަވަހަށް” ހާރޫން އަނެއްކާވެސް ބުންޏެވެ.

“ހުރިހާ ވާހަކައެއްތޯ” ބަލްމާއަށް ބުނެލެވުނެވެ.

“އާން، ހުރިހާ ކަމެއް އެނގިގެންނު މިކަން ކުރިއަށް ގެންދެވޭނީ” ހާރޫން ހީނލަން މަސައްކަތް ކުރަމުން ބުންޏެވެ. އޭނާއަށް ބަލްމާ ފެނުމުން އެއީ ރީތި ކުއްޖެއްކަން އެނގުނެވެ މިންހާޖު ފަދަ މީހުން ހިތްކިޔާނޭ އެތަށް ސިފައެއް އެއަންހެން ކުއްޖާއަށް ލިބިފައިވާކަން ހާރޫނުގެ ސިކުނޑިވެސް ޤަބޫލުކުރިއެވެ.

“އަޅުގަނޑަށް… އަޅުގަނޑަށް ނުފެންނަ އެއްޗެއް ގޯނާ ކުރަނީ، އެކަނި ހުންނަ ވަގުތު ތަކުގައި، ޚާއްޞަކޮށް ރޭގަނޑު، ކޮށްގެން ނުވާނެ ކަންތައްތައްވެސް ކުރަނީ، މީހެއްގޮތަށް ހުންނަ އެއްޗެއް، ވަރަށް ކަޅު، ބިރުވެރި ސިފައެއް ޖަހަނީ” ބަލްމާ އުނދަގުލުންވިޔަސް ކިޔާދޭން ފެށިއެވެ. އެހެންނަމަވެސް މާބޮޑު ތަފްޞީލަކަށް ދާކަށް އޭނާއަކަށް ނުކެރުނެވެ.

“ކޮބާ ފުރިހަމަ ނަމަކީ، އުމުރުވެސް ބުނައްޗޭ، މަންމަގެ ނަންވެސް” ބަލްމާދެއްކި ވާހަކައަށް ބޯޖަހާލަމުން ހާރޫން ސުވާލު ކުރަންފެށިއެވެ. އަދި ކުރިމަތީހުރި ކުޑަމޭޒުމަތީގައި އޮތް ފޮތް ނަގާ ގަމީސް ޖީބުން ނެގި ގަލަމުން އޭނާ އެފޮތުގައި ލިޔަންފެށިއެވެ. ހިސާބު އަކުރުތަކެއް ލިޔުނު އެއްޗެހި ކައިރީ ޖަހައި، އެއް ނަންބަރުން އަނެއް ނަންބަރު ގެއްލާ އުނިކުރަމުން އޭނާ ދިޔައެވެ. އެންމެންވެސް ތިބީ ކަންބޮޑުވެފައެވެ. ހާރޫން ވާހަކަދައްކާނެ އިރެއްގެ އިންތިޒާރުގައެވެ.

“ތިކަން ރަނގަޅުވެދާނެ، ތީ ޖިންނި ފަރާތު ކަމެއް، އޭތި އުޅެނީ ބަލްމާ އާއި އަޅައިގަނެގެން، އެއްގޮތަކަށްވެސް ބިރު ގަންނާނެ ކަމެއްނެތް، އަހަރެން ތިކަމަށް ކަމެއް ކޮށްދޭނަން، އެކަމަކު ވަރަށް މުހިންމު ވާހަކައެއް އަހަރެން ބުނަން އެބައޮތް، އެއީ އަހަންނަކީ މިފަދަ ކަންތައްތައް ހިލޭ ކޮށްދީ އުޅޭމީހެއްނޫން، އަހަރެން އަގެއް ނަގާނަން މިކަމަށް، އެގޮތް އެންމެ ރަނގަޅުތަ، ތިކޮޅުން ޖަވާބެއް ދިނީމަ އަހަރެންގެ މަސައްކަތް ފަށާނީ” ހާރޫން ބަލާލީ ދިނާރަށެވެ.

“މައްސަލައެއްނެތް، ބޭނުންވަނީ އެއްކޮށް ރަނގަޅުވާން، މިކަން ދުވަހަކުވެސް ނުޖެހޭފަދައަށް ވާން، އެކަމަކު އަހާލަން ބޭނުން، ކިހާ ވަރަކަށްތޯ މިކަން ކޮށްދޭނީ” ދިނާރު ބުންޏެވެ.

“މިހާރު ތިންހާސް ދެވެން އޮތިއްޔާ އެވަރު ދީ، އަހަރެން ތިންރޭ މަތިން ކިޔަވާނަން، ތިންރޭވެސް މީނާ މިގެއަށް ގެނަން ޖެހޭނީ، ގެންނާނީ މިރޭވެސް ތި ގެނައިގޮތަށް، އަހަރެން ބުނި އަޔާތްތައް ކިޔަވައި ބޯނިވާކޮށްގެން، ތިންވަނަ ރޭ އެންމެ ފަހު ކަންތައް ނިންމާލާފައި އަހަރެން އޭނާ ފޮނުވާލާނީ، އެރޭ އަހަންނަށް ހަތަރުހާސް ރުފިޔާ ދޭންވާނެ، އެކަމަކު ބުނަން، އަހަންނަށް ދޭންވާނީ ނަގުދު ފައިސާ، ޗެކެއް ނޫން، މިކަން ނިމުނީމަ އޭނާއަށް އެއްވެސް ކަމެއް ނުވާނެ، އެކަމަކު މިތިންރޭ އުޅެންވާނީ ވަރަށް ބަލައިގެން، ގޭން ނުކުމެގެން ނުވާނެ” ހާރޫން ކިޔާދެމުންދިޔައެވެ.

ހާރޫންގެ ވާހަކަތައް އަޑުއަހަން އިން ބަލްމާ ކިތަންމެ ވަރަކަށްވެސް އެއިވޭ ވާހަކަތައް ޤަބޫލުކުރަން ބޭނުންވެއެވެ. އެހެންނަމަވެސް އޭނާ އާއި ބިރު ފަޅި ސުކުންތަކަށްވެސް ވަކިވެގެން ނުދާތީވެ އެވާހަކަތަކަށް ޔަގީންކަމައް ނެތީއެވެ. މަޑުމަޑުން އިނދެ ނިތްކުރިން ހިއްލަން ފެށި ދާތިކިތަށް ބަލްމާ ފޮހެލިއެވެ. ހާރޫން ވާހަކަދައްކާ ނިމުމުން ދިނާރު އެއްވެސް ސުވާލު ކުރުމެއްނެތި އޭނާގެ ޖިންސުގެ ފަހަތު ޖީބުގައި އޮތް ވޮލެޓު ނަގާ ބަލާލީ އަތުގައި ހާރޫން ބުނާވަރަށް ފައިސާ ހުރިތޯއެވެ. އޭނާއަކީ އާންމުކޮށް ފަސް ސަތޭކައިގެ ނޫޓޫ ހިފައިގެން އުޅޭ މީހެއް ނޫނެވެ. ގިނަ ފަހަރު އެންމެ ބޮޑު ވަރަކަށްވެސް އަތުގައި ފައިސާގެ ގޮތުގައި ގެންގުޅެނީ އެއްހާސް ރުފިޔާއެވެ. ހީކުރި ގޮތާ ޚިލާފަށް މިފަހަރު އޭނާގެ ވޮލެޓުގައި ދެހާސް ރުފިޔާ އޮތެވެ. ނަމަވެސް ހާރޫން ބުނި އަދަދު ހަމަވާން އަދި އެއްހާސް ރުފިޔާ ބޭނުންވެއެވެ.

“މިވަގުތު އަތުގައި އޮތީ ދެހާސް، ލާރި ނަގާނަމަ ދާން ޖެހޭނީ މެޝިނު ދޮށަށް، މިހިސާބުގައި މެޝިނެއް ހުންނަތަނެއް އަހަންނަކަށް ނޭނގޭ، މިންހާޖު، އަތުގައި މިހާރު ދެވެން އޮތިއްޔާ މަށަށް އެއްހާސް ރުފިޔާ ދޭންވީނު، މާދަމާ ހެނދުނު ސަޔަށް ނުކުމެފައި ކަލެ އައި ފައިސާ  ހަވާލު ކޮށްލާނަން، އަހަރެން ބޭނުން މިރޭ މިކަން ފަށަން” ދިނާރު، ހާރޫނަށް ބަލަން އިނދެ ވާހަކަދައްކަމުން ދެން ބަލާލީ މިންހާޖަށެވެ.

“ތިވަރު ވޮލެޓުގައި އޮވެދާނެ، އެބަ ބަލާލަން” މިންހާޖު އޭނާގެ ވޮލެޓު ނަގާ ބަލާލަމުން ބުންޏެވެ. އެއްހާސް ރުފިޔާ ވޮލެޓުން ނަގާ ދިނާރަށް، މިންހާޖު ދިއްކޮށްލިއެވެ. އެކަމާ ޝުކުރުވެރިވަމުން ދިނާރު އެ އެއްހާސް ރުފިޔާ އޭނާގެ އަތުގައި އޮތް ދެހާސް ރުފިޔާ އާއި އެއްކޮށްލުމާއިއެކު ހާރޫނުގެ އަތަށް ދިނެވެ.ުނު ސަޔަށް ނުކުމެފައި ކަލެ އައި ފައިސާ  ހަވާލު ކޮށްލާނަން، އަހަރާރު ދެވެ

ހާރޫން ފެންތައްޓަކާއި، ވަތުތައްޓަކާއި މާމުއި ކުޑަތައްޓަކާއި ހިފައިގެން އައިސް ސޯފާގައި އިށީނެވެ. އަދި ކުޑަމޭޒުމަތީގައި ބަހަށްޓާފައި ހުރި ދުފާތަބަކުގެ ތެރެއިން ދަތްކޮށްޓާ އިލޮށި ދަޅު ނަގާ އޭނގެން އިލޮށިކޮޅެއް ނެގިއެވެ. އޭގެ ފަހުގައި މާމުއީގައި އެ އިލޮށިކޮޅު ޖައްސާލާފައި ނަގާ ވަތުތަށީގައި ކޮންމެވެސް އެއްޗެއް ލިޔަމުން ދިޔައެވެ. ލިޔަމުން ދިޔައީ ވަތުތަށީގައި ބުރު ހަމަވާގޮތަށް ވަށްކޮށެވެ. އޭނާ ލިޔަން ބޭނުންވި ހުރިހާ އެއްޗެއް ލިޔެވުމުން ފެންތަށި ނަގާ އެއަށް ޝާހާދަތް އިނގިލި ލައިގެން އިނދެ ކިޔަވަމުން ދިޔައެވެ. އެކަންވެސް ނިމުމުން މަޑުމަޑުން ފެންތަށިން ވަތުތަށްޓަށް ފެންފޮދެއް އަޅާލުމާއިއެކު ވަތުތަށި ނަގާ ބަލްމާއަށް ދިއްކޮށްލިއެވެ.

“ބިސްމިކާ އިނގިލިން ތަށީގައި ހުރި މާމުއި ކޮޅާ ފެންފޮދާ އެއްކޮށްލާފައި ބޯލާ” ހާރޫން ވަތުތަށި ބަލްމާއަށް ދިއްކޮށްލައިގެން އިނދެ ބުންޏެވެ.

ހިންދިރުވާލަމުން ބަލްމާގެ މަޑުތުރުތުރެއް އުފެދިފައިވާ އަތުން ހަރޫން ދިއްކޮށްގެން އިން ވަތުތަށީގައި ހިފާ އޭނާ ބުނިގޮތަށް ބަލްމާ ކަންތައް ކުރިއެވެ. އެހެންނަމަވެސް ވަތުތަށީގައި ހުރި ފެންފޮދު އެކީގައި ބަލްމާއަކަށް ނުބޮވުނެވެ. ކުއްލިއަކަށް ގަޔަށް ބާރުތަކެއް އެރި އިރު ހީވީ ކަރަންޓު ޝޮކެއް ޖެހިގެން މީހާ ތެޅެން ފެށިހެންނެވެ. އަތުގައި އޮތް ވަތުތަށި ވަގުތުން ވެއްޓި ތެޅިއްޖެއެވެ. ހާރޫންވެސް ދިޔައީ ސިއްސައިގެންނެވެ. ފުންމައިގެން ތެދުވި ގޮތަށް ބަލްމާގެ ބޮލުގައި ދެއަތުން ހިފެހެއްޓިއެވެ. އަދި އެއްއަތުން ނިތްކުރީގައި ހިފަހައްޓާލައިގެން ހުރެ ކިޔަވަން ފަށައިފިއެވެ. އެހިނދު ބަލްމާގެ އަޑުވެސް މުޅިން ބަދަލުވެއްޖެއެވެ. ދެންތިބި އެންމެންގެ ހިތްތަކަށް ވަން ބިރުވެރިކަން އިތުރުވެގެން ދިޔައެވެ. ދިނާރު ބަލްމާ އާއި ގާތްވާން އުޅުމުން ހާރޫން ބޮލުގެ އިޝާރާތުން ކައިރިނުވުމަށް ބުންޏެވެ. އެހެންވެ ހަދާނެ ގޮތެއް ނޭނގިފައި ދިނާރަށްވެސް ދެންތިބި އެހެން މީހުންހެން ކޮޅަށް ބަލަން ހުރެވުނީއެވެ. ބަލްމާ ހަޅޭލަވަމުން ދިޔައިރު ނުކުންނަ އަޑަކީ އަހާލަން އެހާ ފަސޭހަ އަޑަކަށް ނުވެއެވެ. އޭނާގެ ހަށިގަނޑުގެ ގުނަވަންތަކާއި މެދުހަށި ލެނބެމުން ދިޔައެވެ. މީހާ އިތިވެގެން ގޮސް ބިނދިދާނެހެންވެސް ހީވިއެވެ. އެއާއިއެކު ހާރޫނުގެ ކިޔެވުމުގެ އަޑު ގަދަވެއެވެ. އެންމެފަހުން ހާރޫން ބަލްމާގެ ކަންފަތްދޮށަށް އޭނާގެ އަނގަ ކައިރިކޮށްލައިގެން ގުދައޮވެ ކިޔަވަމުންދިޔައެވެ. ދެފަހަރަކު ބަލްމާގެ ނިތްކުރީގައި އަޅާފައި އޮތް އަތްނައްޓާލާފައި އޭނާގެ އިތިވެފައި އޮތް ދިމާލުގައި އަތުން ޖެހިއެވެ. އެންމެން ބަލަހައްޓައިގެން ތިއްބާ ވީނުވީއެއްނޭނގި ފެނުނީ ކުއްލިއަކަށް ބަލްމާގެ ހަށިގަނޑުން ވާގިނެތިގެން ވެއްޓުނުތަނެވެ. ހާރޫނަށްވެސް ހިފަހައްޓާލެވުނީ ބަލްމާގެ ކޮނޑުގައެވެ.

“އާދޭ މިނާ ނަގާ ސޯފާގައި ބާއްވާން” ހާރޫން ދިނާރަށް ބުންޏެވެ.

ދިނާރު އައިސް ބަލްމާގެ ގައިގާ ހިފުމާއިއެކު ހާރޫން ހިންދެމިލިއެވެ. އޭނާގެ މޫނުމަތިންވެސް ދާތިކި ހިލިލާފައި ހުރިތަން ފެންނަމުން ދިޔައެވެ. ވަގުތު ބޭކާރު ކުރުމެއްނެތި އޭނާ އަނެއްކާވެސް ފޮތް ހިފައިގެން އިށީނދެ ހިސާބު އަދަދުތަކެއް ހަދަންފެށިއެވެ. އޭގެ ފަހުގަ އޭނާގެ ކޮޓަރިއަށްވަދެ ހަތިމު ހިފައިގެން އައިސް ވަކި ވަކި އާޔަތްތަކެއް ފާހަގަ ކޮށް އަނެއްކާވެސް ފެންތައްޓެއް ގެނެސް އެއަށް އިނގިލި ލައިގެން އިނދެ ކިޔަވަފައިފިއެވެ. މިހެން ހަދާ ނިމުމާއިއެކު ފެންތަށިން އަތްގޮށްޓަށް ފެންފޮދެއް އެޅުމަށްފަހު ބަލްމާގެ މޫނަށް ޖަހައިފިއެވެ. އަދި އިރުކޮޅަކު މަޑުކޮށްލުމަށްފަހު ބަލްމާއަށް ހޭވެރިކަމެއް ވުމުން އަވަހަށް އެފެންތަށި ބަލްމާގެ ތުނބުގައި ޖައްސާ އެއްކޮށް ހުސްކޮށްލުމަށް ބުނެފިއެވެ. ބަލްމާގެ ކަރުން ދިލަނަގާފަދަ އިހްސާސެއް ވިއެއް ކަމަކު ފެންތަށި އެކުގައި ބޮއެ ހުސްކޮށްލައިފިއެވެ. އަދި ދިނާރުގެ އެހީގައި މަޑުމަޑުން ބަލްމާ ތެދުވެ ސޯފާއިގައި އިށީނެވެ. މިފަހަރު ބަލްމާގެ މޫނުމަތިން ފެންނަނީ ސުވާލު އުފެދި ހައިރާންވެފައި އިންފަދަ އަސަރުތަކެކެވެ.

“ކިހިނެއްވީ، ތަދުވަނީތަ” ބަލްމާ އޭނާގެ ނިތްކުރީގައި އަތްލުމާއިއެކު ދިނާރު އަހާލިއެވެ. އެހިނދު ހައިރާންވެފައި އިނދެ ބަލްމާ ދެފަރާތަށް ބޯހޫރާލިއެވެ. ގިނަ ސުވާލުތަކެއް ކުރަން ބޭނުންނުވިޔަސް ދިނާރަށް އެނގޭކަމަކީ ބަލްމާއަށް އިތުރު ކަމެއް ވެއްޖެކަމެވެ.

“މިރޭ އިތުރު އެއްވެސް ކަމެއް ދިމައެއް ނުވާނެ” ހާރޫން މިފަހަރު މިހެން ބުނެލީ މާބޮޑު ޔަގީން ކަމާއިއެކު ހެނެއް ހިޔެއްނުވެއެވެ. އެހެންނަމަވެސް އޭނާގެ ހަރަކާތްތައް އަވަސްވެފައި ހުރިކަން ފާހަގަވެއެވެ. ގިނައިރެއް ނުވެ ހާރޫން ބަލްމާ އާއި އޭނާގެ އެކުވެރިން ގެއަށް ފޮނުވާލައިފިއެވެ.

ބިންޏާ ގެއަށް އައިރު ގޭތެރޭގައި ބަލްމާގެ ހުރިހާ ރައްޓެހިން ތިބިތަން ފެނި އޭނާ ބުނަން ބޭނުންވެފައި ހުރި ވާހަކަވެސް ނުބުނެ ކޮޓަރިއަށް ވަނެވެ. ލައިގެން ހުރި ނަރުސް ޔުނީފޯރމް ބާލައި ނިދަންލާ ހަރުވާޅާ ޓީޝާރޓު ލައިގެން ކުދިކިޔަމުން އައިސް ތަށްޓަށް ކާއެއްޗެހި އަޅައިގެން ގޮސް ކޮޓަރިއަށް ވަނެވެ. ހީވަނީ ބަލްމާ އާއި މިރޭ އެއްގޮތަކަށްވެސް ދެން އަނގައިން ނުބުނާނެ ހެންނެވެ. އެއަށްވުރެ އޭނާގެ މޫޑު މުޅިން ހަރާބުވެގެން ހިނގައްޖެއެވެ. ކައިނިންމާފައި އަވަހަށް މަންމައަށް ގުޅާ ބަލްމާގެ ޝަކުވާ ބިންޏާ ކުރިއެވެ. އޭގެ ފަހުން ގިނައިރެއް ނުވަނީސް ބަލްމާގެ ފޯނަށް ދާރާގެ ކޯލު އައެވެ.

“މަންމަ އެއްވެސް އިރެއްގެ ޤަބޫލު ކަމެއް ނޫން އެއީ ގޭތެރޭގައި ތާސްކުޅެ ހެދުމަކީ، އަނެއްކާ ތިގެނެސް އުޅެނީ ކޮންކަހަލަ ރަޙުމަތްތެރިންތަކެއްތަ، އެމީހުންގެ މައިންބަފައިން މިހާއިރު ވާއިރު އެމީހުން އުޅޭތަނެއްވެސް ބަލާނުލާތަ، މަންމަ ހިތްހަމައެއް ނުޖެހޭ ބަލްމާގެ ރަޙުމަތްތެރިންނާއިމެދު، އެމީހުން ގެއިން ފޮނުވާލާ، މަންމަ ހީކުރީ ބަލްމާ ވަރަށް ހަރުދަނާ ވާނެކަމަށް، ދަރިފުޅަށްވެސް އެނގެއެންނު ބިންޏާގެ ގޮތް، ވީއިރު ދޮންތަ ހިތްހަމަ ނުޖެހޭ ކަންތައްތައް ކުރަނީ ކީއްވެތަ، ދަރިފުޅަށްވުރެ ދޮށީވެސް އޭނާއެންނު، ދެކުދިން ގުޅިގެން އުޅެން މަސައްކަތް ކޮށްބަލަ” ދާރާ ފޯނުން ބުންޏެވެ.

“މަންމާ، އަހަރެން ބޭރަށް ނުނިކުންނާތީތާ އަހަރެންގެ ރައްޓެހި ކުދިން މިގެއަށް އަންނާނީ، ދޮންތަވެސް އެވަރު ވިސްނާލާނަމަ، އަހަރުމެން އޭނާއަށް އުނދަގޫވާފަދަ ކަމެއް ނުކުރަން، ތާސްކުޅޭތީ ހިތްހަމަ ނުޖެހެންޏާ ދޮންތަ އައިސް ރީތި އަހަރުމެން ގާތު ބުނަންވީނު އެކަން ހުއްޓާލަން، އެކަމަކު އޭނާއަށް އަހަރެންގެ ރައްޓެހިން ފެންނަ އިރަށް ހީވާނީ އުނދުންމައްޗަށް އުދާފައި ހުންނަ ތާހެއްހެން، އަހަންނެއް ނޫން އޭނާ އާއި ނުގުޅި އުޅެނީކީ، އޭނާ ބޭނުމެއްނުވޭ އަހަންނާ ރީތިކޮށް އަނގައިން ބުނާކަށްވެސް، ވީއިރު މަށެއްވެސް ނޫޅެން އޭނަ ދައްކާހާ އާރޓެއް ބަލާކަށް” ބަލްމާ ހިތްހަމަ ނުޖެހިފައި ހުރިވަރު ދާރާއަށް އެނގުނެވެ.

“ހޫން، ދެން ހެޔޮ، އިތުރަށް ދެބަސްވެ ރުޅިއަންނަން އުޅޭނެ ކަމެއްނެތް، ބުނޭ އެކުދިން ގާތު ދެން އަވަހަށް ގެއަށް ދާށޭ، މިހާރު އެއޮތްގެން ބާރަ ޖަހަން އުޅެނިއްޔޭ، މަންމަ ބަލްމާގެ ފޯނަށް މިއަދު ގުޅީމޭ، އެކަމަކު ފޯނު އޮތީ ނިއްވާލާފަ، ބަލްމާ، މިރޭ ދޮންތަ ހުރީ ބަލްމާ އާއި ވާހަކަ ދައްކަންވެގެންނޭ، އެނގޭތަ، މާދަމާ މެންދުރު ދޮންތަ އެއުޅެނީ މާލެދާން ފުރަން” ދާރާގެ ވާހަކަ އެއްކޮށް ނުނިމެނިސް ބަލްމާ ވާހަކަދައްކަން ފެށިއެވެ.

“ދެން މަންމަމެން އަންނަނީ ކޮންއިރަކުން، އަވަހަށް އާދެބެލަ، ދޮންތަ ފުރީމަ އެކަކުވެސް ދެން ނުހުންނާނެ މިގެއަކު، ހާދަ ފަޅުވާނެޔޭ، ނުކެރޭނެ އެކަނި ހުންނާކަށް، މަންމާ ޕްލީޒް، އަވަހަށް އާދެބަލަ ރަށަށް” ބަލްމާ ކުޑަކުއްޖަކުފަދައިން އާދޭސް ކުރަން ފެށިއެވެ. ދާރާ ކަންތައްވެގެން އުޅޭގޮތް ބަލްމާއަށް ކިޔާދިނެވެ. ދާރާގެ ތިމާގެ މީހެއްގެ ގޭގައި ބަލްމާ ބޭނުންނަމަ ހުރެވިދާނެ ކަމާއި، ނޫނީ ހަމައެކަނި ކާގަނޑި ތަކުގައި އެގެއަށް ދާގޮތަށް ހަމަޖެއްސި ދާނެ ކަމުގައި ދާރާ ބުންޏެވެ. އެހެންނަމަވެސް ބަލްމާއަށް މައްސަލައަކަށްވަނީ އެކަންތައްތަކެއް ނޫނެވެ. އެކަނި ގޭގައި ހުންނަން ޖެހޭތީއެވެ. ވީހާވެސް އަވަހަކަށް ފުރޭތޯ ހުރިހާ ކަމެއް ހަމަޖައްސާފައި އޮތްގޮތް ބަލްމާއަށް ދާރާ ކިޔާދިނެވެ. އަދި ހާސްނުވުމަށާއި ބަލްމާ އެކަނިވާނެހާ ވަގުތު ނުވާނެ ކަމަށް ބުނެ ބަލްމާގެ ހިތްހަމަޖައްސާ ދެވޭނެ ހުރިހާ ވާހަކައެއްހެން ދާރާ ދެއްކިއެވެ. އަދި ފޯނު ބޭއްވީ ބަލްމާއަށް ވަރަށް ނަސޭޙަތްދީފައެވެ.

“މަންމަ ދޯ، ކިހިނެއްވީ، ހާދަ ދެރަވެފަ ހުރިހެން ހީވެޔޭ” ދިނާރުގެ ގާތުގައި ސޯފާގައި ބަލްމާ އިށީނުމުން އޭނާ އަހާލިއެވެ. ބަލްމާ މާޔޫސްވެފައި އިނދެ ދާރާ ދެއްކި ވާހަކަ ދިނާރަށް ކިޔާދިނެވެ.

“ދިނާރު، ހާދަ ބައިވަރު ރުފިޔާއެކޭ އެމީހާ އެނަގަނީ، އަހަރެން އެފައިސާ ދިނާރަށް ދޭނަން އެނގޭ” ދާރާ ދެއްކި ވާހަކަ އާއި ހާރޫންގެ ސަބަބުން ސިކުނޑީގައި އުފެދިފައިވާ ނުތަނަސްކަމުގެ ތެރެއަށް ގެއްލި އިން ބަލްމާ ބުންޏެވެ.

“އަހަރެން ބެލް އަތުން އެފައިސާ ހޯދުމުގެ ގަސްދުގައެއް ނޫނޭ ސްޕެންޑު މިކުރަނީ، މީ އަހަރެން ބެލްދެކެ ލޯބިވާތީ ކޮށްދޭ ކަމެއް، ބެލް އަހަންނާ މެރީ ކުރާނަންތަ، އަހަރެން ވަރަށް ބޭނުން ބެލް އާއި މެރީ ކުރަން” ދިނާރު، ބަލްމާގެ އަތުގައި މަޑުމަޑުން ހިފާލަމުން ބުންޏެވެ.

“ދިނާރު އަހަންނާ މެރީ ކުރަން ބޭނުންވަންޏާ، އަހަރެންވެސް މިހިރީ ދިނާރާއި މެރީ ކުރާގޮތަށް، އަހަރެންވެސް ބޭނުމެއްނޫން ދިނާރާއި ވަކިވާކަށް، ޚާއްޞަކޮށް އަހަރުމެން ދެމީހުންގެ ދޭތެރޭގައި ހިނގާފައިވާ ގުޅުންތަކަށްފަހު، ދިނާރަށްވެސް އެނގޭނެ އަހަރެން އެފަދަ ގޮތަކަށް އުޅުނީ ހަމައެކަނި ދިނާރާއި އެކުކަން، އެކަމަކު މިހާރު އަހަންނަށް ދިމާވެގެން މިއުޅޭ ކަންތައްގަނޑުގެ ސަބަބުން ހިތަށް އަރަނީ އަހަރެން ބޭނުންވާ ގޮތަށް ކަންތައްތައް ކުރެވިދާނެބާއޭ” ބަލްމާ އިސްޖަހާލައިގެން އިނދެ ބުންޏެވެ.

“އެހެން ނުވިސްނާ، އިރާދަކުރެއްވިއްޔާ ރަނގަޅުވާނެ، ބެލްގެ މަންމަ އާއި ބައްޕަ އައީމަ އަހަރެން ބެލް އާއި ކައިވެނިކުރުމުގެ ހުއްދައަށް އެދޭނަން، އޭރުން އަބަދުވެސް ބެލް އާއި އެންމެ ގާތުގައި ހުންނަ މީހަކަށް އަހަރެންވާނެ އެންނު، ދެން ބުނެބަލަ، ހާރޫން މެންގޭގައި އިނދެފައި ބެލްއަށްވީ ކިހިނެއްތަ” ދިނާރު ސުވާލު ކުރިއެވެ.

“ނޭނގެ، ހަނދާނެއްނެތް، އަހަރެންގެ ބޮލުގައި ވަރަށް ބޮޑަށް ރިއްސައިގަނެފަ ދެން އެނގުނީ އެގޭ ސޯފާގައި އޮވެވުނުކަން، ހީކުރީ އަނބުރައިގަތީ ކަމަށް، އެކަމަކު އެންމެން އުޅެން ފެށި ގޮތުން އެނގުނު އަނެއްކާވެސް އަހަންނަށް އޭތި ގޯނާ ކުރީކަން” ބަލްމާ ބުންޏެވެ.

އެންމެ ފަހުގެ ތައްޔާރީތަށް ވަމުން ދިޔަ ބިންޏާ އޭނާގެ އެނދުމަތީގައި އޮތް ފޮއްޓަށް ބަލަހައްޓައިގެން އިރުކޮޅަކު މަޑުކޮއްލީ އެއްވެސް އެއްޗެއް ހަނދާނުން ކައްސާލައިގެން ގޮސްފައިވޭތޯ ވިސްނާލުމަށެވެ. ނަމަވެސް އޭނާގެ އަތުގައި އޮތް ލިސްޓުގައި ހުރި ހުރިހާ އެއްޗެއްގައި ވަނީ ހެޔޮ ފާހަގަޖެހިފައެވެ. ވީމާ އެއްވެސް އެއްޗެއް މަދުވުމަކީ ވާނޭ ކަމެއްނޫނެވެ. ފުންނޭވާއެއް ބޭރުކޮށްލުމާއިއެކު އެނދުމަތީ އޮތް ފޮށި ލައްޕައި ތިރީގައި އޭތި ބަހައްޓައިފިއެވެ. އެނދުމަތި އަތުން ފޮޅާލަމަށްފަހު އޮށޮންނަން ތައްޔާރުވެލާފައި ބާލީސް މަތީގައި ބޭއްވިފައި އޮތް ފޯނު ނަގާ ގަޑި ބަލާލިއެވެ. މެންދަމުން އަލިވެ އެކެއް ޖަހާދިޔައީއެވެ. ބިންޏާ ދެން ހިތަށް އެރީ ބަލްމާގެ ޚަބަރެއް ބަލާލުމަށެވެ. އެހެންވެ ކޮޓަރިން ނުކުމެގެން އައިސް ސިޓިން ރޫމާ ހަމައަށް ނާދެވެނިސް ބަލްމާ އާއި އޭނާގެ ރައްޓެހިންގެ އަޑު ބިންޏާގެ ކަންފަތުގައި ޖެހިއްޖެއެވެ. އިތުރަށް އެންމެ ފިޔަވަޅެއްވެސް ކުރިއަށް ނާޅައި އަވަސް ހިނގުމުގައި އެނބުރި ގޮސް އޭނާވަނީ ކޮޓަރިއަށެވެ. މާދަމާ ފުރަން ހަމަޖެހިފައި އޮތް އިރު، ވަރަށް ބުރަ ދުވަހަކަށްވުމަކީވެސް އެކަށީގެންވާ ކަމެކެވެ. އެހެންވެ ބިންޏާ އޭނާގެ މޫޑު ގޯސް ކުރަން ބޭނުންނުވީއެވެ. އޭނާ ބޭނުންވީ އަރާމުކޮށް ނިދާލާފައި ތެދުވެ ތާޒާކަންމަތީ ފުރައިގެން ދާށެވެ.

އެންމެންނާއި ވަކިން ގެއަށް އައި މިންހާޖު، ބަލްމާމެންގެއިން ނުކުމެގެން ދިޔައީ އޭނާއަށް ފޯން ކޯލެއް އައިސް ގެންނެވެ. އޭނާއަށް ގުޅީ ހާރޫނަށްވެފައި އެމީހުންގެ ތެރޭގައި އިނދެ މިންހާޖު ބޭނުން ވާހަކައެއް ހާރޫނާ ނުދެއްކޭނޭތީ އަވަހަށް ނުކުތީއެވެ.

“ބުނަން، މަށަށް ފެންނަނީ ކަލޭ ތިކަން ހުއްޓާލަން، ތި މަންޖެގަނޑާ ދުރަށްދާން އަހަރެން ލަފާ ދެނީ، އޭރުވެސް މަބުނިން ދޯ ކަލޭ ގާތު ޅައެއްޗެއް ނާޅައްޗޭ، އެރޭ އެމަންޖެ ކައިރިއަށް ދިޔައީ މަބުނިހެން ކަންތައްކޮށްގެންތަ” ހާރޫން ފޯނުން ވާހަކަދެއްކިއެވެ.

“ހާރޫން، ކަލެއަށް ނުވާވަރު ކަމެއް ނޯންނާނެ، އަހަރެން ކަންތައްކޮށްފައި އޮންނާނީ ހާރޫން ބުނިގޮތަށް، މަބުނީމެންނު، ފައިސާ އާއިމެދު ކަލޭ ކަންބޮޑު ނުވާށޭ، މިހާތަނަށްވެސް ބުނި ވަރަކަށް ފައިސާ އަހަރެން ދިނީމެންނު” މިންހާޖު ބުންޏެވެ.

“ފައިސާއެއް ނޫނޭ މައްސަލައަކީ، އަހަރެން ބެލި ބެލުމުން ދައްކަނީ މިންހާޖު ކުރިކަމަކުން އެމަންޖެއަށް އެހެން ވެގެން އެއުޅެނީ، ޖިންނިއެއް އެހެރީ އެމަންޖެ ބަލައިގަނެފަ، އޭއްޗަށް އެމަންޖެ ދެއްކީ ކަލޭ، މަބުނިގޮތަށް ކަންތައް ކުރީމޭ ބުންޏަސް އަހަރެން ޤަބޫލެއް ނުކުރާނަން، އެހެންނަމަ މިހިނެއް ނުވީސް، މިހާރު އޭތި އެއުޅެނީ އެމަންޖެ އާއި އިނދެގެން” ހާރޫންގެ އަޑުގައިވަނީ ކަންބޮޑުވުމާއި ނުތަނަވަސްކަމެވެ.

“އެކަމަކު… ހާރޫން، ކަލެއަށް އޭނާ ރަނގަޅު ކުރެވިދާނެ އެންނު، އެ ޖިންނި ދުރުކޮށްލުމަކީ ކަލެއަށް އެއްވެސް ކަމެއް ނޫން، މިކަންތައްގަނޑު ނިމުމަކަށް ގެނެސްދީބަލަ” މިންހާޖު ވާހަކަ ދައްކަމުން ދިޔައީ ބަލްމާމެންގެ އާއި ޖެހިގެން ހުރި ގޭ ޖޯލިފަތީގައި އޮވެއެވެ.

“އަހަރެން ބޭނުން ނުވަނީ އެކަމުގެ ތެރެއަށް ވަންނަން، ފަހަރެއްގައި ކަލޭވެސް މިކަމުގައި ބަނދެވިދާނެ، އެހެންވެ މިބުނަނީ އަދި ވަގުތު އެބައޮތޭ، ތިނޫން ކަމަކާ އުޅޭށޭ، އަހަރެން ތިން ރޭ މަތިން ކިޔެވިޔަސް ތިޔަކަމެއް ނުހުއްޓޭނެ، ކުރަންޖެހޭނީ ވަރަށް ވަރުގަދަ ކަމެއް، އެހެންވިޔަސް އަހަރެން ބޭނުމެއްނޫން އެވަރުގެ ކަމެއް ކުރާކަށް، ދެން އަދި ބުނަން، އެމަންޖެގެ ހިތް މިންހާޖުގެ މައްޗަށް އަނބުރާލެވިދާނެ، އެކަމަކު އެ ޖިންނީގެ ފަރާތުން ފޯރާ ގޯނާތައް ހަމަ ކުރިއަށްދާނެ، މިހާރުވެސް އެފަކީރަށް ހާދަވަރެއްވެފަޔޭ އެހުރީ، ދެން އިތުރަށް އެ އަންހެން ކުއްޖާއަށް ދެރަތަކެއް ދޭން ތިއުޅެނީ، ކަލޭތީ އިންސާނިއްޔަތުކަމެއްވެސް ހިތުގައި ނެތް މީހަކީތަ، އަނެއްކާ އެމަންޖެގެ ޢާއިލާ މީހަކުވެސް ނެތީތަ މިވަރުވެގެންދާއިރު، މައިންބަފައިން ދުނިޔޭގައި ނެތީތަ” ހާރޫން ހިތްހަމަ ނުޖެހުމާއިއެކުވެސް ބަލްމާގެ މައްޗަށް ހަމްދަރުދީ ފާޅުކުރިއެވެ. އޭނާއަށް ކަމުގެ ބޮޑުކަން ވިސްނޭއިރު މިންހާޖު ވިސްނީ އޭނާގެ އަމިއްލަ އެދުމާއިމެދުގައެވެ.

ދިނާރާއި ދެންތިބި މީހުން ބަލްމާ މެންގެއިން ނުކުމެގެން ގެއަށް ދިޔައީ ފަތިސް ނަމާދަށް ގޮވިފަހުންނެވެ. އެންމެންވެސް ތިބީ ސިޓިން ރޫމުގައެވެ. ބަލްމާއަށް، ދިނާރުގެ އުނގުގައި ބޯއަޅާލައިގެން އޮތީ ނިދިފައެވެ. މިންހާޖު ނުކުމެގެން ދިޔަ މީހާ އެނބުރިއެއް ނާދެއެވެ. ބަލްމާއަށް ހޭވެރިކަމެއްވީ ދިނާރު ތެދުވަންވެގެން ބަލްމާގެ ބޯ ހިއްލާލުމުންނެވެ.

“ބެލް، ކޮޓަރީގައި އޮވެ ނިދަން ނުކެރޭނަމަ، މިތާ ސޯފާގައި މަޑުކޮށްލާ، އަހަރެން އަންނާނަން ހެނދުނު ދިހައެއް ޖަހާލާ ހާއިރުން، އިރުއަރާކަށް ދެން މާގިނައިރެއްނެތެއްނު، އާން ގާތު ބުނެފާނަން ބެލް އާއިއެކު މިގޭގައި މަޑުކުރާށޭ، އޭނާ މަޑުކޮށްދޭނެ، ދޮންތަވެސް އިޝޫއަކަށް ނަހަދާނެއެންނު، އާން އަކީ އަންހެން ކުއްޖެއްނު” ދިނާރު ވާހަކަދެއްކީ ލޯތްބާއި އޯގާތެރިކަމާއިއެކުއެވެ.

“ނޭނގެ، އޭނާ ރުޅިއަޔަސް އަހަންނަށް ހެޔޮ، އަހަންނަކަށް ގޭގައި އެކަނި ހުންނާކަށް ނުކެރޭނެ، ވަރިހަމަ ދުވާލުވިޔަސް” ބަލްމާ ކަންބޮޑުވެފައި ބުންޏެވެ. އޭނާ ހާސްވަނީ ދިނާރު ދާތިއެވެ. ގޭގައި ބިންޏާ އުޅުނަސް އޭނާގެ ފަރާތުން އެހީތެރިކަމެއް ބަލްމާއަށް ނުލިބޭނެކަމުގައި ބަލްމާއަށް ހީވެފައި އޮންނާތީއެވެ.

“އާން، މިކޮޅުގައި ބެލް އާއިއެކު މަޑުކޮށްދޭންވީނު” ދިނާރުގެ ކުރިމަތީ ހުރި އާންގެ ގާތުގައި އެހިއެވެ.

“މަޑޭއަށް އޯކޭތަ، ބެލް އެކަންޏެއް ނުވާނެއެންނު އަހަރެން މަޑުކުރީމަ” އާން، މުއާދުގެ މޫނުގައި އަތްޖައްސާލަމުން އަހާލިއެވެ. އާންއަށް މައްސަލައަކަށް ނުވަންޏާ މުޢާދަށްވެސް އެކަން ބޮޑުކަމަކަށް ނުވާކަމުގައި އޭނާ ބުންޏެވެ.

މުޅިން އާދުވަހެއްގެ ފެށުމުގައި ފަތިސްނަމާދަކީ އެންމެ މުހިންމު ވާޖިބެވެ. ފަތިސް ނަމާދު އެންމެ ފަހުން ކުރީ ކޮންދުވަހަކު ކަމެއް ދިނާރަކަށް ނޭނގެއެވެ. އެހެންނަމަވެސް ބަލްމާ މެންގެއިން ނުކުމެގެން ގެއަށް ދިޔަ މަގުމަތީ އޭނާ މިސްކިތަށްވަދެ ފަތިސްނަމާދު ކުރިއެވެ. އަދި އޭނާ އާއިއެކު ދިޔަ މުޢާދުވެސް މިސްކަތަށް އެރުވިއެވެ.

ހެނދުނުގެ ދޮންއަވީގައި އަޒްކާ އިނީ ފެންއަޅާފައި ހުރި ބޮޑު ތައްޓެއްގެ ތެރެއަށް ލާފައެވެ. އޭގެ ދޮށުގައި ކުޑަގޮނޑި ޖަހައިގެން ޒީނިޔާ އާއި ދާރާ ތިއްބެވެ. އެއްވަރަކަށް ފެންގަނޑު ތެރޭގައި އަތުން ތަޅަމުން ކުޑަކުޑަ އަޒްކާ ދިޔައެވެ. އެކުއްޖާގެ ހަރަކާތްތައް އެވަގުތު ފެންނަ ކޮންމެ މީހެއްގެ ހިތް ލޯބިން ފުރޭނެކަން ގައިމެވެ.

“މަންމާ، އަހަންނަށް ވަރަށް ބިރުވެރި ހުވަފެން ފެންނާތީ މިއުޅެނީ، މިހާރު ދެތިން ރެއަކު ފެނިއްޖެ، އަހަންނާ ޒީ އާއި ވަކިވާން އުޅެނިކޮށްވެސް ފެނިއްޖެ، ދެން އަނެއްކާ އަޒްކާ ބަލިވެގެން މަރުތަންމަތީގައި ވަނިކޮށްވެސް ފެނިއްޖެ، އަހަރެން މިހުންނަނީ ވަރަށް ބޯސަކަރާތްވެފަ، ހުވަފެނަކީ ބިލާހެކޭ ބުނޭ، އެކަމަކު މީ ރަނގަޅު ހުވަފެންތަކެއް ނޫނޭ ހިތަށް އަރާވަރުން މަންމަ ގާތު މިބުނީ” ޒީނިޔާ އާއި ދާރާގެ ގާތުގައި ހުއްޓިހުރި މުނީބު ބުންޏެވެ.

“އެއީ ތެދެއް، މި މުނީބަށް ފާޑެއްގެ ހުވަފެންތަކެއް ފެންނަނީއޭ ކިޔާތާ ދެތިން ދުވަހެއް ވެދާނެ، އެއީ އެވަރު ކަމެއްނޫން، ދޯ މަންމާ، އަހަރެން ކީއްކުރަން މުނީބު ގާތުން ދުރުވަންވީ، ތިޔަކަހަލަ ފިރިއެއް މިޒަމާނުގައި ނުލިބޭނެ” ޒީނިޔާ ސަމާސާ ގޮތަކަށް މިހެން ބުނެ ހޭންފެށިއެވެ. އެހުނުމުގައި ދާރާވެސް ބައިވެރިވިއެވެ.

“މިރަށް އައީމަ ވާންނުޖެހޭ ކިތަންމެ ކަމެއް ވާނެ، ދެން ނެތެންނު ގިނަ ދުވަހެއް، މިހާރު މިއޮތީ ފުރަން ޖެހިފަ، ހުރިހާކަމެއްވެސް ދެންވާނީ ރަނގަޅު، ތި ފާޑު ފާޑުގެ ހުވަފެންތައްވެސް ފެނުން ހުއްޓިދާނެ” ދާރާ ބުންޏެވެ. ދާރާގެ ވާހަކަ އަޑުއަހަން އިން ޒީނިޔާ އެއްވެސް އެއްޗެއް ނުބުނިކަމުގައިވިޔަސް، ދާރާ އެބުނީ ޚުދު އޭނާގެވެސް ހިތުގައި އޮތް އެދުމެވެ. އޭނާވެސް ބޭނުންވަނީ އަވަހަށް އެރަށުން ފުރައިގެން މާލެ ދާށެވެ.

ބަތީލު އޭނާގެ އަމިއްލަ ޚިޔާލުތަކުގެ ތެރޭގައި ހުރެ ފާތުމަ އިންދާފައި ހުރި މާގަސްތަކުން ވަސްބަލަމުން އެމާތަކާ ކުޅެމުން ދިޔައެވެ. ހެނދުނަށް ފޮޅިލާފައި ހުރި އިރު ހިތްތަކަށް ފިނިކަން ލިއްބައިދޭހާވެއެވެ. ބަތީލުގެ ސަމާލުކަން އެ ހުރިހާ މާތަކުގެ ތެރެއިންވެސް ހޯދީ އުހަށްހެދިފައި ހުރި ފިނިމެންމާ ގުހުގައި އެކުއެކީގައިހެން ފޮޅިފައި އިން ދެ ފިނިފެންމަލަށެވެ. ވަގުތުން އެމާ ގަހުން ވަކިކޮށްލަން އޭނާ ހިތަށް އެރިއެވެ. އެހެންނަމަވެސް އަމިއްލަ ގެއަށް ނުވުމާއިއެކު ގަސްތަކަށް ފެންދޭން އުޅުނު ފާތުމަގެ ގާތަށް ބަތީލު ދިޔައެވެ. މާބިނދެލުމުގެ ހުއްދައަށް އެދުމުން ފާތުމަ ހީނލާފައި އަވަހަށް ބިނދެލާށޭ ބުންޏެވެ. އަދި ގިފިލި ތެރޭގައި ހުރި އަށިމަތީ ބަންޑުން ޖަހާފައި ހުރިތަނުން ކުޑަ ބާލިދީއެއްވެސް ގެނެސްދިނުމަށް ބުންޏެވެ. ބަތީލު ވަރަށް ހިތްހަމަޖެހިލައިގެން ހުރެ އެންމެ ފުރަތަމަވެސް ދިޔައީ ގަހުގައި އިން ދެމާ އެއްކޮށް ބިނދެލާށެވެ. އޭނާ ގިފިއްޔަށް ވަންނަން ދިޔައީ އެދެމާވެސް ހިފައިގެންނެވެ. މުނީބާއި ޒީނިޔާ އާއި ދާރާގެ ކުރިމަތިން ލާފައި ދިޔަ ބަތީލުގެ އަތުގައި އޮތް ފިޔާތޮށި ކުލައިގެ ދެފިނިފެންމާ އަތުލަން މުނީބު އުޅުނެވެ. ބަތީލަށް ޖެއްސުންކޮށްލުމުގެ ގޮތުންނެވެ. ނަމަވެސް އެއަށްވުރެ ކުރިން ބަތީލު ދުވެފައި އައިސް ގިފިއްޔަވަދެ ދޮރުލައްޕައިފިއެވެ. މިނޫނީ އަދި ބަތީލު އެގޭގެ ގިފިއްޔަކަށް ނުވަދެއެވެ. ގިފިލީގައި ހުރި އަށިހުރީ ވާތްފަރާތު ފާރުގައި ޖައްސާފައި ހަދާފައެވެ. ހިޔާކޮށްފައި ހުރިއިރު އެތަނުގައި ބަހައްޓާފައި ހުރި ޚާއްޞަ ދުވަސް ދުވަހަށް ބޮޑެތި ކެއުންތައް ކައްކަން ބޭނުންކުރާ ތެއްޔާއި، ފާތުމަ ގަސްތަކަށް ފެންދޭން ބޭނުންކުރާ ސާމާނުގެ އިތުރުން ބާލިދީތަކެކެވެ. ބަތީލު ގިފިލީގެ ދޮރުގައި ލެނގިލައިގެން ހުރެފައި ކުރައަށް ހިނގައިގަތުމުން ތަންޑުނާޅުވާހުރި ގިފިލީގެ ދޮރު ހުޅުވިގެންދިޔައެވެ. އޭނާ އަށިމަތިން ކަޅުކުލައިގެ ކުޑަ ބާލިދީއެއް ނަގަން އުޅެނިކޮށް މީހަކު ގޮވާލިހެން ހީވިއެވެ. ބާލިދީ ނެގުމުގެ ބަދަލުގައި ބަތީލަށް ވަށައިގެން ހޯދާ ލެވުނެވެ. މީހަކު ފެންނަން ނެތުމުން އަވަހަށް ބާލިދީ ނަގައިގެން ނުކުންނަން ހިނގައިގަތް ވަގުތު މީހަކު އޭނާގެ އަތުގައި ބީހިލިހެން ހީވިއެވެ. ސިއްސައިގެން ގޮސް އަތްފޮޅާލެވުނެވެ. އެއާއިއެކު ކުއްލިއަކަށް އަތުގެ ހަރަކާތް ހުއްޓުމަކަށް އައީ ނުފެންނަ މީހަކު އޭނާގެ އަތުގައި ހިފަހެއްޓީމައެވެ. ދެންދުވަންފެށީ ކަނޑުމަހު ލޭވަހެވެ. ބަތީލުގެ އަތުން ބަލިދީ ދޫވުމާއިއެކު ބިރުން ހަޅޭލަވައިގަތެވެ. އެހިނދު އޭނާގެ ކަންފަތްމަތީ މީހަކު ޖެހިއެވެ. ޖެހިލެއް ބާރުކަމާއިއެކު ބަތީލު އަރިއަޅާލައިގެން އްޓުނެވެ. ބޭރުގައި ތިބި ދާރާ އާއި ދެންތިބި މީހުން ދުވެފައި އައިސް ގިފިލިތެރެއަށް ވަނެވެ. މުނީބު އަވަސް އަވަހަށް އޭނާގެ ކޮއްކޮ ކޮޅަށް ނަގާ ވީގޮތެއް އޮޅުން ފިލުވުމަށް ސުވާލުކުރިއެވެ. ބަތީލަށް ވީގޮތް ކިޔާދޭކަށް ނޭނގުނެވެ. އޭނާއަށްވެސް ދެންމެ އެވީ ކިހިނެއްކަން ޤަބޫލުކުރަން އުނދަގުލެވެ.

“ކަމެއްނުވޭ، ކައްސާލައިގެން ވެއްޓެންދިޔަ ވަގުތު ހަޅޭލަވައިގަނެވުނީ، ސޮރީ މަންމާ” ބަތީލު މިހެންބުނެ އެންމެންގެ ހިތްހަމަ ޖައްސާލިއެވެ.

“ކީއްކުރަންތަ މިތަނަށްވަނީ، ކޮން ބާލިދީއެއްތަ ވެއްޓިފަ މިއޮތީ، ބަތީލުވެސް ދޯ، ފާތުމަ ކީކޭތަ ބުނާނީ” ދެފަރާތަށް ބޯހޫރާލަމުން ދާރާ ބުންޏެވެ.

“ފާތުމަ ބުނިއްޔޭ ގިފިލިން ބާލިދީއެއް ގެނެސްދޭން، އެހެންނޫންނަމަ އަހަރެން މިތަނަކަށް ނުވަންނާނެ އެންނު، މަންމަ ހީކުރަނީ އަހަރެން މުޅި ގެ ހާވަމުން ދުވަނީ ކަމަށްތަ” ބަތީލު ހިތްހަމަ ނުޖެހިގެން ދާރާ އާއި ދިމާލަށް ތުން އަނބުރާލާފައި ވެއްޓިފައި އޮތް ބާލިދީ ހިފައިގެން ފާތުމަގެ ގާތަށް ދިޔައެވެ.

ހެނދުނު ހޭލައިގެން އައި ބިންޏާއަށް ސޯފާގައި ތިބި ބަލްމާ އާއި އާން ފެނުމުން ދެންތިބި މީހުން ކޮބާތޯ ސިޓިން ރޫމުގެ ވަށައިގެން ނަޒަރު ހިންގާލެވުނެވެ. ނަމަވެސް އެއްވެސް ފިރިހެނެއްގެ ހިލަމެއްނުވުމުން އޭނާ އާދައިގެ މަތިން އައިސް ގޯތިތެރެ އަލިކުރުމަށް ދިއްލާފައި ހުރި ބޮކިތައް ނިވާލިއެވެ. އަދި ދޮރުހުޅުވާލުމާއިއެކު ގުދުރަތުގެ ރީތި ހިތްގައިމުކަމުން ނޭވާފުރާލަމުން ބިންޏާ ބޭރަށް ނުކުތެވެ. ގޯތިތެރޭގައި އޭނާގެ މަންމަ އިންދާފައި ހުރި އެކިވައްތަރުތަކުގެ ގަސްތަކަށް ވަކިވަކިން ބަލަމުން ދިޔައެވެ. ސިޓިން ރޫމުގައި އިން އާން ނުކުމެ ބިންޏާ ކުރާކަމެއް ބަލަން ހުއްޓެވެ.

“ބެލްގެ ދޮންތަ ވަރަށް ކޫލްވެފަ ހުރިހެން ހީވަނީ” ސިޓިން ރޫމު ދޮރުން ގޯތިތެރޭގައި އުޅޭ ބިންޏާގެ ހަރަކާތްތަކަށް ބަލަން ހުރި އާން ބުންޏެވެ.

“އެއީ ހީވާ ގޮތް، ތި ދޮރުލައްޕާފަ އާދެބަލަ އެތެރެއަށް، ހިނގާބަލަ އަހަރެންގެ ކޮޓަރިއަށް، ފާޚާނާއަށް ދާންޖެހިއްޖެ” ބަލްމާ ސޯފާއިން ތެދުވިއެވެ. އޭނާ އާއިއެކު އާންވެސް ދޮރުލައްޕާފައި ހިނގައިގަތީއެވެ. ކޮޓަރިއަށް ވަދެ ފާޚާނާގެ ދޮރުހުޅުވާފައި ބަހައްޓައިގެން ބަތީލު ފާޚާނާއަށް ވަނެވެ. އާން އެކޮޓަރީގައި ހުރި ކޮމްޕިއުޓަރ ކައިރީ އިށީނދެގެން އިނެވެ.

“އޭތް، ތެދެއް ބެލްގެ ދޮންތަ ފުރަނީތަ”  އާން، ފާޚާނާގައި އުޅޭ ބަލްމާއަށް އަޑުއިވޭ ވަރަށް އަހާލިއެވެ.

“ހޫމް، އެކަމަކު އާންއަށް ކިހިނެއް އެނގުނީ” ބަލްމާ ހައިރާންވެފައި ބުންޏެވެ.

“އަސްލު މަށަށް އެނގިގެނެއް ނޫން، ރޭގަ ދިނާރު ގާތު ބެލް އެކަހަލަ ވާހަކައެއް ދެއްކިއަޑު އިވުނީ” އާންއަށް އެނގުނުގޮތް އޮޅުން ފިލުވާދިނެވެ.

“މިއަދު މެންދުރު ފުރާ ވާހަކަ މަންމަ ބުނީ، އެނގޭތަ، އެގޮލާ ކަމަކީ އަބަދު މަންމަ ގާތު ކުޓުވުން، ތިމީހުން މިގެއަށް އަންނާތީވެސް އޭނާއަށް ހުންނަނީ އެކަމާ އަސަރުކޮށްފަ، ރޭގަ މަންމަ ގުޅާފަ މަށަށް ބޮޑު ބޮމެއް އެޅިއޭ، ބުނި ވަގުތުން ތިމީހުން ގޭން ނެރޭށޯ، ތިމީހުންނަކީ ރަނގަޅު ކުދިބައެއްނަމަ ތިމީހުންގެ މައިންބަފައިން އެހާ ދަންވަންދެން ގޭން ބޭރުގަ އުޅުނަކަ ނުދޭނެޔޯ، އަހަރެން ދެން އަޅާނުލީ، ދޮންތަ ފުއްޕާފަ ހުރެދާނެ އެންނު، ޔަގީނޭ އާން ރޭގައި މިގޭގަ މަޑުކުރިކަމުގެ ޚަބަރުވެސް އޭނާ މިހާރު އޮންނާނީ މަންމައަށް ފޮނުވާލާފަކަން” ބަލްމާ ބުންޏެވެ. ފާޚާނާގެ ފެންމާގަނޑުގެ އަޑުއިވެމުން ދާތީވެ އޭނާ ފެންވަރީކަން އާންއަށް އެނގުނެވެ.

“ބެލް، އަހަރެން ވަރަށް ބަނޑުހައިވޭ، ކާލާނެ އެއްޗެއް ނުހުންނާނެތަ، ރޭގަ ކޭ ކަޕްނޫޑުލިސް ގަނޑުން ރަނގަޅަށް ބަނޑުވެސް ނުފުރުނު، އަނެއްކާ އެހާ ނުބައި، މި މަޑޭ ނުލިބުނުނޭ ކިޔާފަ އެގެނައި މަށަށް އެހާ މީރު ވައްތަރެއްވެސް ނޫން” އާން ބުންޏެވެ.

“އާންވެސް ފެންވަރާލައިގެންނު ދެން ކާން އުޅޭނީ، ޕާން ހުންނާނެ، ސޭންޑްވިޗްވެސް ހެދި ދާނެ، އެކަމަކު ފެންވަރާލައިގެން ދޯ ދެން ކަމެއް ކުރަން އުޅޭނީ” ބަލްމާގެ ޚިޔާލު ހުރިގިންބަފައިން މިހާއިރު ވާއިރު އެމީހޮތް ފާޅު ކުރިއެވެ.

ދިނާރު ހެނދުނުގެ ސަޔަށް އޮފީހުން ނުކުމެ އެންމެ ފުރަތަމަވެސް ކުރިމަކީ އޭޓީއެމް މެޝިނު ދޮށަށް ގޮސް ފައިސާ ނެގުމެވެ. އޭނާއަކީ ރަށުގައި ހުރި ބޮޑުހޮޓާ ހިންގާ ޒާހިރުގެ ހުރި ހަމައެކަނި ފިރިހެން ދަރިއެވެ. އެހެންވެ އޭނާއަށް ފައިސާއަކީ ދަތިއެއްޗެއް ނޫނެވެ. މުސާރައަށް ލިބޭ ހުރިހާ ފައިސާއެއް ހުންނަނީ އޭނާގެ އެކައުންޓަށް ޖަމާކުރާގޮތަށެވެ. އޭގެން އެއްވެސް އެއްޗެއް އިތުރު މީހަކަށް ދޭކަށް ނުޖެހެއެވެ. ގިނަ ފަހަރަށް އެކައުންޓުން ފައިސާ ނެގުމުގެ ބަދަލުގައި އަދިވެސް ބުނެވެނީ މަންމާގާތުއެވެ. އާދަވެފައި ހުރި ކަމަކަށްވާތީއެވެ. ދިނާރުގެ މަންމަ ޝިމްލާއަށް އެކަން ބޮޑުކަމަކަށް ނުވަނީ އަތުގައި ފައިސާ ތިޔާގިކަމުންނެވެ. އަނެއްކޮޅުން ޒާހިރުގެ ހެދުން ފިހާރައެއް ހުޅުވަން ހުރީ ތައްޔާރުވެފައެވެ. އެވެސް ފައިސާ ލިބޭނޭ އިތުރު މަގެކެވެ. ހުރި ހަމައެކަނި ފިރިހެން ދަރިފުޅުދެކެ ޒާހިރާއި ޝިމްލާ ލޯބިވަނީ ދެންތިބި ދެއަންހެން ކުދިންނަށްވުރެވެސް ބޮޑަށެވެ. ދޮށީ ކުއްޖާ މީހަކާ އިނދެގެން ރަށުގައި ގޯއްޗެއް ނަގައިގަން ގޮސް އުޅެނީ އަމިއްލަ ގޭގައެވެ. ދެން ހުރި އަންހެން ކުއްޖާވެސް އުޅެނީ މީހަކާ އިނދެގެންނެވެ. އޭނާ އުޅެނީ އޭނާގެ ފިރިމީހާގެ ގޭގައެވެ. ވީމާ ކައިރީގައި ހުރީ ހަގުދަރިފުޅު ދިނާރު އެކަންޏެވެ. ޝިމްލާ އަބަދުވެސް ބޭނުންވަނީ ދިނާރު މީހަކާ އިނދެގެން އޭނާގެ ގާތުގައި އެގޭގައި އުޅުމަށެވެ.

“އަން މިއޮތީ ރޭގައި ނެގި ފައިސާ، ހިނގާ ސައިބޯން ދަމާ” ދިނާރު، މިންހާޖަށް ފައިސާ ހަވާލު ކުރަން ދިމާކޮށްފައި ބުންޏެވެ. ކުރިން މިންހާޖާއިމެދު ދިނާރު ހިތްހަމަ ނުޖެހިފައި ހުއްޓެއް ކަމަކު މިހާރު އެކަން ބަދަލުވެއްޖެއެވެ.

“ހިނގާ ދަމާ، މަވެސް މި އިންނަނީ ސަޔަށް ދާނީ ގެއަށް ބާއޭ ހިތަށް އަރާފަ” މިންހާޖު މިހެންބުނެ އެނބުރި އޮފީހަށް ވަދެލާފައި ނުކުތެވެ. އަދި ދިނާރާއިއެކު މިންހާޖުމެންގެ އޮފީސް ކައިރީ ހުރި ހޮޓަލަކަށް ވަނެވެ.

ހޮޓަލަށް ވަދެ އިށީނުމާއިއެކު ދިނާރު އޭނާގެ ފޯނު ނަގާ ބަލްމާއަށް ގުޅިއެވެ. ހެޔޮހާލުގައި އޭނާ ހުރުމުން ދިނާރުގެ ހިތަށް ބުނެދޭން ނޭނގޭހާ ހަމަޖެހުމާއި ފިނިކަން އިޙްސާސް ކުރެވިގެން ދިޔައެވެ. ސައިބޮއެގެން ހޮޓަލުން ނުކުތްއިރު ބިލުގައިވާ ފައިސާދެއްކީ ދިނާރުގެ ވޮލެޓުންނެވެ. ހޮޓަލުން ނުކުތުމާއިއެކު މިންހާޖާއި ދިނާރު ހިނގައިގަތީ އެމީހެއްގެ މަންޒިލާ ދިމާލަށެވެ.

ސައިބޯން އިން ޚަދީޖާ އިނީ ފުންވިސްނުމެއްގެ ތެރޭގައެވެ. ދޮށީ އަންހެން ދަރިފުޅު ހައުލާ އޭނާގެ ކުޑަސޮރަށް ބުއްފުޅި ހަދަން ހުރިއިރު ޚަދީޖާ އާއި ދެއްކި އެއްވެސް ވާހަކައެއް އޭނާއަކަށް އަޑެއްނީވެއެވެ. އެންމެފަހުން ޚަދީޖާގެ ފަރާތުން އެއްވެސް ޖަވާބެއް ނައުމުން ހައުލާ އޭނާގެ ކޮނޑުގައި ކޮއްޓާލިއެވެ.

“މަންމަ ހާދަ ބޮޑު ފިކުރެއްގަ ތިއިނީ، ހާދަ އިރެއްވެއްޖެޔޭ އަހަރެން ވާހަކަދައްކާތާ” ހައުލާ ބުންޏެވެ.

“އަންބަރުބެގެ ޢާއިލާ މާދަމާ ރޭ ފުރާނެ” ޚަދީޖާ ބުންޏެވެ.

“އެކަމާތަ މަންމަ ތި ވިސްނަނީ، ބުނީމެންނު، އެމީހުންނަކަށް ފުރާކަށް ނުކެރޭނެޔޭ، ވަރަށް ފޮނި މީހެއްދޯ އެގޭ ދައްތައަކީ، އެގޭ ކުދިންވެސް ތިބެނީ ހަމައެހެން، ވަރަށް ފޫހި ބައެއް، ކީއްވެތަ އަންބަރުބެ ރަށުން ބޭރު މީހަކާ ކައިވެނި ކުރީ، މަންމަމެން ނުޤަބޫލު ވާހަކަ ނުބުނަންތަ” ހައުލާ މޫނަށްވައްތަރުޖައްސަމުން ބުންޏެވެ.

“އެއްބަފާ ދޮންބޭބެއާއިއެކު އަންބަރުބެ އަބަދުހެން އުޅުނީ، އެރަށް ދިޔައީވެސް ދޮންބޭބެއާއިއެކު، އަހަރުމެންނަށްނުވެސް އެނގޭ އެމީހަކާ ކައިވެނި ކުރިއިރުވެސް، ރަނގަޅަށްވެއްޖެއްޔާ ކަންތައްކޮށްގެން ކަންނޭގެ އިނީވެސް، އަދި އިނދެގެން މިރަށަށް ނުވެސް އައޭ، ކުދިން ބޮޑެތިވި ފަހުން އައީވެސް، އަހަރުމެން ބުނެބުނެވެސް ނައި، އެންމެފަހުން ކަލޭގެ ބައްޕަ މީހެއް ކައިރިއަށްގޮސް ކަމެއްކުރީ، އޭގެ ފަހުން އެންމެ ފުރަތަމަވެސް މިރަށަށް އައީ، އަނެއްކާ އޭނާގެ ދަރިންވެސް ހާދަ މޮޅޭ، އެކަމަކު ހަގުދެބެންނަށްވުރެ މިގޭ ކުދިން މޮޅުވެއްޖެއެންނު، އެހެންނޫނަސް ދެން އެމީހުން ދުވަހެއް ދުވަހަކަށް ދާނީ ދަށަށް، އެންމެ ފަހުން ބަލައްޗޭ، އަންބަރު އެއަންހެން މީހާ ދޫކޮށްލާފަ މިރަށަށް ދިރިއުޅުން ބަދަލު ކުރާނެ، އަހަރުމެން ގާތަށް އަންނާނީވެސް” ޚަދީޖާގެ ތުންފަތަށް ވެރިވެގެން ދިޔައީ ނުބައި ޚިޔާލުތަކުން ފުރިގެންވި ހިނިތުންވުމެކެވެ.

“އެކަމަކު މަންމާ، މަންމަ ތިކަން ކުރަނިކޮށް އެމީހުންނަށް އެނގިއްޖެއްޔާ ކިހިނެއްވާނީ” ހައުލާ އޭނާގެ މަންމަ އާއިމެދު ކަންބޮޑުވިއެވެ.

“ނޭނގޭނެ، މިރަށަށް އަންބަރު އެހެރީ އައިސް، އަހަރުމެންގެ އަތްފޯރާފަށުގަ ހުރީމަ އެބަފެނެއެންނު މިހާރުވެސް ބަދަލުތައް، ގިނައިން ކައިބޮއެ ހަދަނީ މިގޭން، ގިނަ ވަގުތު ހޭދަ އެކުރަނީ މިގޭ ތެރޭގަ، ދާރާ މިކަމަށް ހުރަސް އަޅަން އުޅޭނަމަ އޭނާއަށް ދިމާވާ ކަންތައްތައްވެސް ވަކި ކުޑައެއްނުވާނެ” ޚަދީޖާގެ ވާހަކައިގައި ޔަގީންކަން އެކުލެވިގެންވެއެވެ.

“އަޑުއެހިން ފާތުމަމެންގެއަށް ދަންވަރު މީހަކު ވަންވާހަކަ، އެއީ ތެދެއްތަ” ހައުލާއަށް އަޑުއިވިފައި އޮތް އެއްޗެއް ޔަގީންކޮށްލަން ބޭނުންވެގެން އަހާލިއެވެ.

“ހާދަ އޮލަ ވާހަކައެއްގައި ދެމައިން، ކޮބާ ކޯއްޗެއްތަ ހެދީ މިއަދު ސައިބޯން” ހައުލާ އެހި އެއްޗަކަށް ޖަވާބެއް ނުދެވިގެން އުޅެނިކޮށް ކާގެއަށް ވަނީ އަންބަރުއެވެ. ދެމައިންގެ މޫނުމަތިންވެސް ވަގުތުން ހާސްކަން ފެނިގެންދިޔައެވެ. އެހެންނަމަވެސް ހަމަޖެހިލަން މަސައްކަތް ކުރަމުން އަންބަރަށް ހިނިތުންވެލިއެވެ.

“އަންބަރުބެ ހީވަނީ ސައިބޮއެގެން ހުރިހެން، ދުފާފައެންނު ތިހުރީ” ހައުލާ ބުއްފުޅި ހިފައިގެން ނުކުންނަން ތައްޔާރުވެލާފައި ބުންޏެވެ.

“ސައިބޮއެގެން އަޔަސް، މިގެއިން ސައިބޮއެ ނުލެވެންޏާ މިހާރު ހިތްހަމައެއް ނުޖެހޭ، އަނގައިގައި ހުރި ފޯކޮށްޅު އުކާލާ ކޯދޮވެލެވިދާނެ އެންނު، އެއީ އެވަރު ކަމެއްނޫންތާ، ދީބަލަ ފެންފުޅިއެއް، އަންނާނަން ކޯދޮވެލައިގެން” އަންބަރު މިހެން ބުނުމާއިއެކު ހައުލާ އައިސް އަލަމާރި މަތީ ފެންއަޅާފައި އަތުރާފައި ހުރި ފެންފުޅިތަކުން ފުޅިއެއް އަންބަރަށް ދިއްކޮށްލިއެވެ. އެއާއިއެކު އަންބަރު ފެންފުޅި ހިފައިގެން ގޮސް އެގޭ ކެޔޮގަސްތަކާ ދިމާލަށް ކޯދޮވެލާ މުޅި އަނގަ ސާފުކޮށްލައިގެން އަތުއްވެއްޖެއެވެ. އައިގޮތަށް ކާމޭޒުމަތީގައި ފެންފުޅު ބަހައްޓާ ގޮނޑިއެއް ދަމާލަމުން އިށީނެވެ.

“މަސްހުނި ހަދައިގެންތަ ތިއުޅެނީ” އަންބަރަށް ޚަދީޖާ ކާންއިން ތަށި ފެނުމާއިއެކު ބުންޏެވެ.

“އާން، އެބަހުރި ކުޅި ރިހަ އާއި ތެލުލީ ރިހާކުރުވެސް” ޚަދީޖާ ހުރިއެއްޗެހި ކިޔާލިއެވެ.

“ގެނޭ މަސްހުނި މަށަށްވެސް” އަންބަރު ބުންޏެވެ. ޚަދީޖާ އަވަސް އަވަހަށް ތެދުވެ އަންބަރަށް އެންމެ ކަމުދާނޭ ގޮތަށް ކާންތައްޔާރު ކޮށްލައިފިއެވެ.

“ބޭބޭ، މާދަމާ ރޭ ހަމަ ފުރަނީތަ، އަދި މަޑުކޮށްލާފަ ދާންވީނު” ޚަދީޖާ ބޭނުންވީ އަންބަރުގެ ޚިޔާލު ހުރިގޮތެއް ހޯދާށެވެ.

“މަޑުކުރެވޭކަށް ނެތް، އެކޮޅުގަ ހުރި މަންޖެ ހޮސްޕިޓަލުގެ ފަރާތުން މާލެދާން އެބަފުރާ މިއަދު މެންދުރު، ދެންހުރި އަންހެން މަންޖެ ގޭގައި އެކަނިވާނެ، އެހެންވީމަ ކޮންމެ ގޮތެއް ހަދާފަވިޔަސް އެންމެ އަވަހަށް ފުރެން އޮތް އެއްޗަކުން އެބަޖެހޭ އެކޮޅަށް ދާން، އަނެއްކާ އައިކަންތައްވެސް މިހާރު މިއޮތީ ނިމިފައެންނު، ދެން ހަމަގައިމުވެސް މިކޮޅަށް އަންނަންޖެހޭ ފަހަރުތައް ގިނަވާނެ، މިކޮޅުގައި އެމީހުން ކޮންޓްރެކްޓާ ހިލާފުވޭތޯވެސް ބަލަން ޖެހޭނެ އެންނު” އަންބަރު ބުންޏެވެ. ޚަދީޖާ އޭނާ އާއި ދެކޮޅަށް ވާހަކަތަކެއް ދައްކާކަށް ނޫޅުނެވެ. ދެން އޭނާ ފެށީ އާދައިގެ މަތިން ފައިސާގެ ވާހަކައެވެ. އަތްމަތި ދަތިވާހަކައެވެ.

“ބަލްމާ، އާދެބަލަ” ބިންޏާ އޭނާގެ ކޮޓަރީގައި ހުރެފައި ސިޓިން ރޫމުގި އިން ބަލްމާއަށް ވަރަށް ބާރަށް ގޮވާލިއެވެ. ނުދާން އިނދެފަވެސް ބަލްމާ ތެދުވެގެން ހިނގައިގަނެއްޖެއެވެ.

“އަހަރެން ފުރަން މިދަނީ، ބަލްމާއަކީ ކުޑަކުއްޖެއްނޫން، ހެޔޮނުބައި ވަކިވާވަރުވެފަ މިހާރު ތިހުރީ، ރަނގަޅު ރަޙުމަތްތެރިން ޚިޔާރުކޮށްގެން އުޅޭނަމަ އަހަރެންވެސް އެއްޗިއްސެއް ނުކިޔާނަން، މިގެއަށް އެމީހުން ގެނެޔަސް ރުޅި މޫނު ހަދައިގެން ނުހުންނާނަން، އެކަމަކު އަހަންނަށް ރަނގަޅަށް އެނގޭ މިހާރު ބަލްމާ އާއިއެކު ތިޔަ އުޅޭ ކުދިބަޔަކީ އަޙްލާގީ ފެންވަރު މާރަނގަޅު ބައެއްނޫންކަން، ދެންބުނަން، ގެއަށް ކޮންމެ ކޮންމެ މީހަކު ވައްދަންވާނީ ވަރަށް ވިސްނާފަ، މިގެއަކީ ކޮޓަރިތައް ތަޅުލާފައި ހުންނަ ގެއެއްނޫން، އަގުބޮޑެތި އެއްޗެހި ގޭގައި އެބަހުރި، ހަނދާންކުރާތި ބޭރަށް ދާނަމަ ގޭގެ ދޮރު ތަޅުލާފަ ދާން، ހުރިހާ ކުޑަދޮރުތަކެއް ލައްޕާފަ ނުކުންނަން، މަންމަމެން މާދަމާ ރޭ ފުރާނެ، އެހެންވީމަ ދަންވަރު ނުވަނިސް ހީވަނީ މިކޮޅަށް އާދެވޭނެހެން، އަހަންނަށް އެނގޭ މަންމަ ބުނެފަކަން އޮތީ ބަލްމާ ގާތު ހަދަންވީގޮތް، ދެން ހިތްހެޔޮ ކުރާތި، އާދެވޭނީ މަހެއްހާ ދުވަސް ފަހުން، ބަސްއަހައިގެން އުޅޭތި، އާން، އަދި އެއްކަންތައް، މިހާރު ކީއްވެތަ ޑިއުޓީއަށް ދާތަން ނުފެންނަނީ” ބިންޏާ ރުޅި މަޑުކޮށްފައި ކޮއްކޮ އާއި ވާހަކަދެއްކީ ސާފު ހިތަކައިގެންނެވެ.

“ޗުއްޓީއެއް ނަގައިގެން މިއުޅެނީ” ބަލްމާ މަޑުމަޑުން ބުނެލިއެވެ.

“އެހެންތަ، އެކަމަކު ބޭކާރު ގޮތުގައި ޗުއްޓީ ނަގައިގެން މާގިނަ ދުވަހު ނުހުންނައްޗޭ، އެހެންނޫނީ މުހިންމު ކަމެއް ޖެހޭއިރު ޗުއްޓީއެއް ނުލިބޭނެ، ދެން އެންމެ ރަނގަޅު ދިޔަޔަސް، މިރެއަށް ވާވަރަށް ހުންނާނެ ފްރައިޑް ރައިސް ހަދާދީފަ، ކައިގެން ހުންނާތި” ބިންޏާ ބުންޏެވެ.

ބިންޏާ އޭނާގެ ފޮށިހިފައިގެން ނުކުމެ ކޮޓަރި ތަޅުލީ ބަލްމާއަށް އިތުބާރު ނުކުރެވޭތީއެއް ނޫނެވެ. އެހެންނަމަވެސް އޭނާގެ ރަޙުމަތްތެރިންނަށް އިތުބާރު ނުކުރެވޭތީއެވެ. ލައިގެން ހުރި މަޑުފެހިކުލައިގެ ހަރުވާޅު ހެދުމާއި ގުޅިވާލައިގެން ކަރަށް އެއްލާފައި އޮތް ދޯޕައްޓާ ބިންޏާ ރަނގަޅުކޮށްލަމުން ފޮށިމަތީގައި ބަހައްޓާފައި ހުރި އަތްދަބަސް ނަގާ ކޮނޑުގައި އަޅުވާލިއެވެ. އަދި ފޮށި ދަމަމުން ސިޓިން ރޫމަށް ނުކުތެވެ. ބިންޏާގެ ފަހަތުން ބަލްމާ ގޭޓު ކައިރިއަށް ނުކުތެވެ. ޓެކްސީއަށް ބިންޏާ އަރަންދެން ބަލަންތިބެފައި ބަލްމާ އާއި އާން ގޭތެރެއަށް ވަދެގެން ހިނގައްޖެއެވެ.

ސިޓިން ރޫމު ދޮރުން ވަދެވަދެ ހުއްޓާ ބަލްމާގެ މޫނަށް މެންދުރުގެ ގަދަ ހޫނުގެ ތެރެއިން އާދަޔާ ހިލާފު ފިނިފިނި ވައިރޯޅިއެއް އައިސް ބީހިލިއެވެ. އެއާއިއެކު ވައިރޯޅި އައި ދިމާލަށް އޭނާއަށް ބަލާލެވުނެވެ. އެހިނދު ގޭގައި ހުރި ބޮޑު ކަނީރުމާގަސްދޮށުގައި އެއްފަރާތް ފެންނަގޮތަށް ހުރި ކަޅުކަޅު މީހާ ބަލްމާއަށް ފެނުނެވެ. ހިނިއައިސްފައި ހުރި މޫނު ފެނި ބަލްމާ ތުރުތުރު އަޅާލިއެވެ.

ފުރިހަމަ އިންސާނެއްގެ ސިފައިގައި ހުއްޓެއްކަމަކު ބަލްމާގެ ހިތް އެކަމަކަށް އެއްބަހެއްނުވިއެވެ. ލޮލަށް ފެންނަފެނުމަކީ އޮޅުވާލުމެއްކަމެވެ. މުޅި ހަށިގަނޑުގައި ހުރި ލޯލިތައް ކޮޅަށް ޖެހިގެން ދިޔައީ ނުރައްކަލެއް ކުރިމަތިވާން އުޅޭކަމުގެ އިޝާރާތެއްގެ ގޮތުގައެވެ. އަވަސް އަވަހަށް ގޭތެރެއަށްވަދެ ދޮރުލެއްޕިއެވެ.

“އާން، އާދެބަލަ، ބަލާބަލަ ކުޑަދޮރުން ބޭރު، ޕިންކް ޕްލާވަރ އަޅާފަ ހުރި ބޮޑުގަސް ކައިރީ ހުރި މީހާ އެބަފެނޭތަ” ބަލްމާ ކާމޭޒުކައިރިއަށް އައިސް ހުއްޓެމުން އާންއަށް ގޮވާފައި ސިއްރުން ކަހަލަ ގޮތަކަށް ބުނެލިއެވެ.

“ކޮބާތަ، ކާކުތަ ހުރީ” މާބޮޑު ވިސްނުމެއްނެތި އާން އައިސް ކުޑަދޮރުކައިރީ ހުއްޓިލަމުން ބުންޏެވެ. އެގޮތް ބަލްމާއަށް ކަމަކު ނުދިޔައެވެ. އަނެއްކާވެސް އާންއަށް ގޮވާ އޭނާގެ ގާތަށް ގެނައެވެ.

“ރަނގަޅަށް ބަލާބަލަ، އާންއަށް ހަމަ ނުފެނޭތަ، މިދިމާލަށް ބަލަހައްޓައިގެން ހުރި ކަޅު ކަޅު މީހަކު އެތާ އެބަހުއްޓެންނު” ބަލްމާ މިހެން ބުނެ އާންގެ އަތުގައި ހިފާލީ ކަންބޮޑުވެފައި ހުރިވަރުންނެވެ.

“ހާދަ ފިނިވެފަ ތިހިރީ، އަހަރެން ރަނގަޅަށް ބަލައިފީމޭ، އެތާ މީހަކު ހުރިނަމަ އަހަންނަށްވެސް ފެންނާނެ އެންނު، ވެދާނެ ބަލްމާއަށް ފެނުނީމަ އަވަހަށް ދިޔައީކަމަށް، ބެލް، ހަމަޖެހިބަލަ، މީހާ ފިނިވެގެންގޮސް ހީވަނީ ގަނޑުފެންކޮޅެއްހެން، ދިނާރަށް ގުޅަންތަ” އާން ބޭނުންވީ ބަލްމާގެ ހިތްހަމަޖައްސާލުމާއިއެކު އަމިއްލަ ހިތަށްވެސް ހަމަޖެހުންގެނެސްދޭށެވެ. ބިރުވެރި ޚިޔާލުތައް ހިތަށް ވަންނަވަރަކަށް އެބިރު މުޅިމީހާ ވަށާލާކަށް ގިނައިރެއް ނުނަގާނެކަން އެނގޭތީއެވެ.

“ނޫން، ދިނާރު މިގަޑީގަ ވަރަށް ބިޒީވާނެ، އޮފީސް ނިންމާފަ އޭނަ އަންނާނެ، ހިނގާ ކަމާ” ބަލްމާވެސް ބޭނުންވީ އޭނާއަށް ފެނުނު ކަންތައް ނުފެންނަ ކަމަކަށް ހަދާށެވެ. ހިތުގެ ހަމަޖެހުމަށްޓަކައެވެ. އެހެންނަމަވެސް ކާމޭޒުކައިރީ އިށީނުމުގެ ކުރުން ސިއްރުންނަމަވެސް ބަލްމާގެ ނަޒަރު ކުޑަދޮރާ ދިމާލަށް އަމާޒުވިއެވެ. މިފަހަރު އޭނާއަށްވެސް ކަނީރުގަސްދޮށުގައި މީހަކު ހުއްޓައެއް ނުފެނުނެވެ. ފުންނޭވާއެއް ބޭރުކޮށްލުމާއިއެކު ކާތަށިތައް އަތުރާފައި ހުރި ކަބަޑުގެ ދޮރުފަތް ހުޅުވާލާފައި ތަށިތައް ނަގަންފެށިއެވެ.

“ކޮބާ މިހާރު ދޯނި ދޮށަށް ގޮސްފިންތަ، ބިންޏާ އެދިޔައީ ފުރަން، އެމަންޖެއަށް ގުޅިންތަ، ދެންމެ ބަލްމާ އާއި ވާހަކަދައްކާފަ ފޯނު މިބޭއްވީ، އެމަންޖެގެ އަޑުހުރި ގޮތުން ހީވަނީ ބަލިވެ އުޅޭހެން، އެކަމަކު ބުނި ހުރިހާ ކަމެއްވެސް ރަނގަޅޭ، އަންބަރު، މިކޮޅުގަ އިތުރަށް މަޑުކުރާ ކަހަލަ ޚިޔާލެއް ނުކުރައްޗޭ” މެންދުރު ކައިގެން ނުކުމެ ގޯތިތެރޭގައި ހުރި ދިގުގޮނޑީގައި އިށީނދެގެން ތިބި އަންބަރާ ކާސިމަށް، ދާރާ ދުފާތަބައް ތައްޔާރުކޮށްގެން ގެނެސްދީފައި ބުންޏެވެ.

“އާން، ބިންޏާ ގުޅި ފުރުމުގެ ކުރިން، އަދި ދޯނީގެ ޚަބަރެއް ބަލާލަން ނުދެވިގެން މިއުޅެނީ، ހިޔާ އަރާލީމަ ދާނަން” އަންބަރު ބުންޏެވެ.

“އަހަރެން މިދަނީ ކާން، އަޑުއެހިން އެގޭ އިބްރާހީމަކާއެކު މިރޭ މަހަށްދާން އުޅޭ ވާހަކައެއްވެސް” ދާރާއަށް ފާތުމަގެ ފަރާތުން އަޑުއިވުނު ވާހަކަ އަންބަރުގެ ކަންފަތާއި ހަމައަށް ދާރާ ފޯރުކޮށްލިއެވެ.

“އިބްރާހީމު އައީމަ އަހަރެން ބުނިން ދާނަމޭ، އެކަމަކު އަދި ވަކިގޮތެއް ނުނިންމަން” އަންބަރު ފަރުވާކުޑަގޮތަކަށް ބުނެލިއެވެ.

ދާރާ އެއްޗެއް ނުބުނެ ހިނގައިގަތީ ބަދިގެފަރާތަށެވެ. މިރަށަށް އައިތާ ގިނަދުވަސްތަކެއް ނުވިޔަސް އަންބަރަށް ބޮޑު ބަދަލެއް އަންނަމުން ދާކަން ދާރާއަށް ވަނީ ފާހަގަކުރެވެން ފަށާފައެވެ. ކުދިންނާމެދުގައި އަންބަރުގެ މާބޮޑު ފުކުރެއްނެތްތަނުގައި މިހާރު ދާރާއަކީވެސް މުހިންމު މީހެއްކަމަށް އަންބަރު ނުދެކޭހެން އޭނާއަށް ހީވަނީއެވެ. އަންބަރުގެ ދިރިއުޅުމުގައި ހިނގައި ހުރިހާ ކަމެއް އެންމެ ރަނގަޅަށް އެނގޭ މީހަކީ ދާރާއެވެ. ނަމަވެސް މިރަށަށް އައިފަހުން އަންބަރުގެ ގިނަވަގުތުތައް ހޭދަކުރަނީ ކޮންތާކުކަމެއްވެސް ދާރާއަކަށް ނޭނގެއެވެ. އަހާލައިފިނަމަ އަންބަރު ހުންނަނީ ހިތްހަމަނުޖެހި ރުޅިގަދަވާގޮތްވެފައެވެ. ޒުވާބުކުރަން ޖެހިދާނެ ފުރުޞަތުތައް ގިނަވެފައިވެއެވެ. މަދު ދުވަސްކޮޅެއްގެ ތެރޭގައި މިހާބޮޑު ބަދަލެއް އަންނަންވީ ސަބަބެއް ކަމުގައި ދާރާގެ ވިސްނުމަށް އައީ އެންމެ ނަމެކެވެ. އަންބަރުގެ ކޮއްކޮ ޚަދީޖާގެ ނަމެވެ. ފެށުނީއްސުރެންވެސް ޚަދީޖާ، އަންބަރާ އޭނާގެ ދިރިއުޅުމާމެދު ހަސަދަވެރިވާހެން ދާރާއަށް ވަނީ ހީވެފައެވެ. އެހެންނަމަވެސް އެފަދަ ޚިޔާލެއް ގެންގުޅުމަކީ އޭނާގެ ނަފްސު ނުތާހިރު ކުރުވާނޭ ޚިޔާލަކަށްވާތީވެ އެކަމާ މާބޮޑުވިސްނު.މެއް ނުގެންގުޅެނީއެވެ. ކާން އިށީންއިރުވެސް ދާރާގެ ސިކުނޑީގައިވަނީ އޭނާ ނުތަނަވަސް ކުރުވާފަދަ ޚިޔާލު ތަކެކެވެ. ވިސްނައިގެން ނުވާނެ ކަންތައްތަކާއި، ހިތަށް އަރުވައިގެން ނުވާނެ އެއްޗެހިވެސް ދާރާގެ ހިތަށް އަރަމުންދިޔައެވެ.

“ހާދަ ބަސްމަދުވެ، ދަރިފުޅު އެކަނި އެކޮޅުގައި ހުންނާނެކަން އެނގޭތީ އެކަމާ ދޯ ތިވިސްނަނީ” ފާތުމަގެ ކުރިމަތީ ކާމޭޒުދޮށުގައި އިން ދާރާއަށް ބުންޏެވެ.

“އެކަމާ ވިސްނޭނެ އެންނު، އަންހެންކުއްޖެއް އެކަނިމާއެކަނި ގޭގައި ބަހައްޓަންވީމަ، އެކަމާ އެންމެ ކަންބޮޑުވާނީ މައިންނެއްނޫންތަ ފާތުމާ” ދާރާ ފިކުރުތަށް ލުއިލުއި ހިނިތުންވުމަކުން ހިންދާލާފައި ބުންޏެވެ. ދިރިއުޅުމުގެ ހުރިހާ ކަމެއް އެހެން މީހުންނަށް ކިޔާދޭނީ ކިހިނެއްހެއްޔެވެ. އެހެންވެ ފާތުމައަށް ހީވިހީވުމާއި އެއްބައިވެ އެއްޗެއް ބުނީއެވެ.

“އޭތް! ޚަދީޖާގެ އަންހެން ދަރިއަކު މީހަކާ އިންނަނީނު، އެކޮޅު އަވަށުގެ ކުއްޖަކާ، އެސޮރު ރަށަށް އައިސްފި ކަމަށްވަނީ އިއްޔެ، އެއީ ޖަންބު އަހަންމައިދީގެ ދަރިއެއް، މިހަފްތާ ތެރޭ ކައިވެނި އެބައޮތް ރަށު ސްކޫލުގަ، މަށަކަށްވެސް ނޭނގެ ކޮންދުވަހެއްކަމެއް” ފާތުމައަށް ހެނދުނު ކުނިކަހަން ނުކުމެ އުޅެނިކޮށް އިވުނު ވާހަކަ ހޫނު ކަމާއިއެކު ދާރާ ގާތު ބުނެލިއެވެ.

“އެހެންތަ، ތިކަމެއް އަދި ނޭނގޭ، ޚަދީޖާގެ މީހަކާ އިންނަވަރުގެ ކޮންކުއްޖެއް، ހޫން ހޫން ހަނދާންވެއްޖެ، އަހަރެންގެ ރަށުގައި ހުރި މަންޖެއާ ގާތްގަނޑަކަށް އެއްވަރުގެ ކުއްޖަކު އެގޭގަ ހުންނާނެ، ކީކޭތަ ކިޔަނީ، އާން، ހަނދާންވެއްޖެ، ރީނާ ދޯ ކައިވެނި ކުރަން އުޅެނީ” ދާރާ ބުންޏެވެ. ފާތުމަ އޭނާއަށް އެނގިއި ހުރި އެއްޗެއް ދާރާއަށް ކިޔާދިނެވެ.

“ދޮންބޭ، ހަވީރު ހިނގާލަންދާން ހިނގާ، ފުރަންވާއިރަށް ސަޅި ފޮޓޯކޮޅެއް ނަގަން ބޭނުން، ބެލްއަށް ގެއަށްގޮސް ދައްކާލެވޭނީ އޭރުން” މުނީބު އާއި ޒީނިޔާގެ ކޮޓަރީގައި އިން ބަތީލު ބުންޏެވެ. އެބުރި އުޅެބޮޑުވި ރަށަށް ދާންވީ ދުވަސް ގާތްވެފައި ވުމުން ބަތީލު ހުރީ ވަރަށް އުފަލުންނެވެ. މިރަށުގައި ހިނގާދިޔަ ކަންތައްތައް ހަނދާންނައްތާލަންވެސް އިތުރު ހިތްވަރަކަށް ވެގެން ދާނެތީއެވެ.

“މައްސަލައެއްނެތް، ބައްޕަ އައިސް ބުނި އިބްރާހިމު މެންގޭ ދޯނީގައި މިރޭ މަހަށްދަނިއްޔޯ، އެމީހުން ވަރަށް މަސްބާނާވާހަކަވެސް ބުނި، މަވެސް ދާހިތްވޭ، އެކަމަކު އަހަންނަށް އެނގޭ ޒީ އާއި މަންމަ އެހާ ހިތްހަމަޖެހޭ ކަމަކަށް ނުވާނެކަން، އެހެންވީމަ ޕްލޭން ބަދަލުކޮއްލާނީ ދޯ، ބަތީލު އެބުނިހެން ހަވީރު ދާނީ ރަށުގެ އެކި ދިމަދިމާ ބަލާލާ ފޮޓޯ ނަގާލަން، އަޒްކޮ މަންމަ އާއި ހަވާލުކޮށްފަ ދޯ ދާނީ، އޭރުން ލަސްވިޔަސް މައްސަލައަކަށް ނުވާނެ އެންނު” މުނީބު ބުންޏެވެ.

“ރަނގަޅު، ދާނެކަމެއްނެތް އެމީހުނާ އެކީގަ، ބަތީލު، އެހާ ލަސްކޮށްފަ ޕެކްކުރަން ނުހުންނައްޗޭ، ކުރީބައިގަ ފޮށްޓަށް އެއްޗެހި އަޅާ ތައްޔާރު ކުރާތި، މާދަމާ ރޭ ފުރާއިރު، މާދަމާއަކީ ވަރަށް ބިޒީ ދުވަހަކަށް ވާނެ، ޔަގީން ގޭގެއަށް ވަންނަން ދާންޖެހޭނެކަން، އަނެއްކާ ހުކުރު ދުވަސްވީމަ، ހުކުރަށްވެސް ބައްޕަމެން ދާނެ އެންނު، މަންމަ ރުޅިއަންނަ ގޮތަށް ކަންތައްތައް ނުބަހައްޓާތި، މިރަށަށް އައިފަހުން މަންމަ ހުންނަނީ ވަރަށް ނުތަނަވަސްވެ، އެނބުރިރަށަށްދާން އަވަހަށް ބޭނުންވެފަ” ޒީނިޔާ އޭނާގެ މައިދައިތަގެ ހާލާމެދު ވިސްނާކަން އެނގުނެވެ.

“ބެލް، މިރޭ މަޑުކުރެވޭނެ ހެނެއް ހިއެއްނުވޭ، މަންމަ އެގުޅަނީ، މިގޭގައޭ ބުނީމަވެސް އެބުނީ ގެއަށް ވަދެލަންވާނެ ނޫންހޯ، މީ އަހަރެން އުޅޭ ގެއެއް ނޫނޯ، މިގޭ މީހުންނަށް އުނދަގޫވާނެއޯ” އާން، އޭނާގެ ފޯނު ކުޑަމޭޒުމަތީ ބާއްވަމުން ބުންޏެވެ.

“މަންމަ ގާތު ނުބުނަންތަ މިގޭގައި އެކަކުވެސް ނެތޭ” ބަލްމާ ބުނަން އުޅުނު އެއްޗެއް ނުނިމެނިސް އާން ވާހަކަދެއްކިއެވެ.

“މައި ގޯޑް، މިގޭގައި އަހަރުމެން ދެމީހުން އެކަނިކަން އެނގިއްޖެއްޔާ މަންމަ ހަމަ ވަގުތުން ބުނާނެ ބެލް ގޮވައިގެން ގެއަށް އަންނާށޭ، ބެލްގެ މަންމަމެން އަންނަންދެން އަހަރެންގެ ކޮޓަރީގައި ނިދޭނެ ނޫންހޭ، ނޯވޭ… މަށެއް ބޭނުމެއްނޫން އެހެންވާކަށް، ދެން މަންމަ ބެހޭނެ ހުރިހާ ކަމަކާ، އަހަރުމެންނަށް ބޭރަށްވެސް ނުނިކުމެވޭނެ، ބެލް، ސަޅި އައިޑިއާއެއް އެބައޮތް، ހިނގާ މިހާރު އަހަރުމެން ގެއަށް ދާން، ގޭގައި އުޅެލާފަ މަންމަ ގާތު ބުނާނީ މިރޭވެސް އުޅޭނީ ބެލްމެން ގޭގައޭ، ދެން ހަދާނެގޮތަކީ މަންމަ އިތުރަށް ޔަގީން ކުރަން ބޭނުންވަންޏާ ދިނާރު ލައްވާ ގުޅުވާފަ ބުނާނީ ބެލްގެ ބައްޕައޭ، އޭރުން އިތުރަށް މަންމަ އޯކޭވާނެ، އެގޮތް ސަޅި އެންނު، އޭރުން މިގޭގަ އެންމެން އައިސް އުޅެވޭނެ އެންނު” އާން ބުންޏެވެ.

ބަލްމާ އިރުކޮޅަކު ވިސްނާލަން ހުރުމަށްފަހު އާންގެ ޚިޔާލާއި އެއްބަސްވިއެވެ. އަދި ރީތިވެލައިގެން އާން އާއިއެކު ގެއިން ނުކުތެވެ. ގޭގެ ހުރިހާ ދޮރުތަކެއް ތަޅުލާފައެވެ. ނުވިތާކަށް ގޭޓުވެސް އޭނާ ތަޅުލިއެވެ. ދެކުދިން އެކުގައި އޮލަވާހަކައިގައި ތިބެ ހިނގަމުން ދިޔައީ އާން މެންގެއާ ދިމާލަށެވެ. ބޭރަށް ނުކުމެލެވުމުން، ދުނިޔޭގެ ތާޒާ ވަޔާއިއެކު އެހެންމީހުން ހިނގާބިނގާވެ އުޅޭތަން ފެނި އިތުރު ހިތްހަމަޖެހުމެއް ލިބިގެންދިޔައެވެ.

ކުއްލިއަކަށް ބަލްމާގެ ބޮލަށް ވެއްޓުނީ ބުޅަލެކެވެ. އާން އާއި ބަލްމާއަށް އެކުއެކީގައިހެން ހަޅޭލަވައިގަނެވުނެވެ. އެއަށްވުރެ ބާރަށް ބުޅޭ ހޭރިގަތެވެ. އަދި ބަލްމާގެ މޫނާ ކޮނޑުމަތީ އެސޮރުގެ ވަކިތައް އަޅުވަމުން ދިޔައެވެ. އެމަންޒަރު ފެނުނު އެހިސާބުގެ ގެއެއްގެ އަންހެނަކު އޭނާގެ އުރުގައި އިން ކުއްޖާ ބިންމަތީގައި ބެހެއްޓުމަށްފަހު ދުވަމުން އައިސް ބަލްމާގެ ގަޔަށް އަރައިގެން އުޅޭ ބުޅަލުގެ ގައިގާ ބޮނޑިއަޅައި ހަޅޭލަވައިގަތެވެ. އެވަރުންވެސް އެސޮރު ދޫނުކުރީމަ އެއަންހެން މީހާ އޭތީގެ ނިގުލުގައި ހިފާ ދަމައިގަތް ގަތީނުން ބިންމައްޗަށް ގުޅައަކަށް ބުޅާގަނޑު ޖަހައިފިއެވެ. އޭރު ބަލްމާއަށް ބިރުންގޮސް ހުރީ ރޮވިފައެވެ. އާންއަށްވެސް ހަޅޭލަވަން ފެށުނު ގޮތަށް ދުއްވައިގަނެވުނީ ބަލްމާ އާއި ދުރަށެވެ.

“މިއޮށްފަދަ ގަޑީ ކޮންތާކުން އައި ބުޅަލެއްކަމެއްވެސް ނޭނގޭ، އަހަރެން ދޮރުމަތީގައި ހުރިއިރު، އަހަންނަށްވެސް ނުފެނުނު އެސޮރު އައިގޮތެއްވެސް، ދައްތައަށް ދައްކަބަލަ މޫނު، އިސްތަށިގަނޑުވެސް މުޅިން ހަޑިކޮށްލައިފިދޯ، ހެދުމުގަ މިހިރީ ކުޑަކޮށް ލޭހޭކިފަ” އަންހެން މީހާ ބަލްމާއަށް އެހީތެރިވާން ފެށިއެވެ. އޭނާ ބަލާލިއިރު ބަލްމާގެ ވާތު ކޯތާފަތުގައި ބުޅަލުގެ ވަކިތަކުގެ ނިޝާން ދަމާލި ރޮނގުތަކެއްހެން ލޭހިލުވާލާފައި ހުއްޓެވެ. އަތާއި ކަނދުރާ މަތީގެ ހާލަކީވެސް އެއީއެވެ. އެވަގުތު އާން އައިސް ބަލްމާގެ ގާތުގައި ހުއްޓި އޭނާއަށް ލިބިފައި ހުރި ޒަހަމްތައް ބަލަންފެށިއެވެ.

“ތީ ލަކީސްޓަރގެ ތަހުމީނާގެ ދަރިއެއް ދޯ” އަންހެން މީހާ އާންއަށް ބަލާލާފައި ބުންޏެވެ. އެއާއިއެކު އާން ބޯޖަހާލީ އާނއެކޭ ބުނުމަށެވެ.

“ކޮންތާކަށްތަ ދެކުދިން ތިދަނީ، އެހަށް ގެއަށް ވަންނަންވީނު، ތިތަންތަން ސާފުކޮށްލައިގެން ދާން” އަންހެން މީހާ ބަލްމާއަށް ބުންޏެވެ. އެހިނދު ބަލްމާ ބަލާލީ އާންއަށެވެ. އޭނާގެ ޖަވާބަކީ ކޮބާތޯ އަހާލާ ފަދަ ގޮތަކަށެވެ.

“ދައްތާ، އަހަރެންގެ ގެއަށް މިދަނީ، އެކަމަކު އަދި އެއީ ތަންކޮޅެއް ދުރު” އާން، ބަލްމާއަށް ބަލާލުމަށްފަހު ބުންޏެވެ.

“އާދޭ” މިހެންބުނެ އެ އަންހެން މީހާ އޭނާގެ ގޭގެ ދޮރުމަތީގައި ބެހެއްޓި ދަރިފުޅަށް އަތުން އިޝާރާތްކޮށްލީ ގޭތެރެއަށް ވަނުމަށެވެ. އުމުރުން ހަތަރު އަހަރުގެ ކުޑަ އަންހެން ކުއްޖާ ދުވެފައި ގޮސް ގޭތެރެއަށް ވަނެވެ. އަންހެން މީހާގެ ފަހަތުން ބަލްމާ އާއި އާންވެސް އެގެއަށް ވަނެވެ.

“ޝާޒިޔާ ތިއޯ” ގޭތެރޭގައި ހުރި ސަރަންފީއެއްގައި އިން މުސްކުޅި ފިރިހެނަކު ބަލްމާމެންނަށް އެހީވި އަންހެން މީހާއަށް ބުންޏެވެ.

“ބައްޕާ، މިކުދިން މިހެންލާފަ ދަނިކޮށް ބުޅަލެއް ފުންމާލައިގެން މިވެއްދީ، މޮޔަވެފައި އޮތް އެއްޗެއްހެން އެސޮރު ހީވަނީ، ބަލާބަލަ މީނާއަށް ކޮށްލާފަ އޮތްވަރު” ޝާޒިޔާ އޭނާގެ ބައްޕައަށް ބަލްމާ ދައްކާލިއެވެ.

“މިތާ މަޑުކުރޭ އަންނާނަން ތުވާލިކޮޅަކާ ފެންއެއްޗެއް ހިފައިގެން” މިހެން ބުނެ ޝާޒިޔާ ވަދެގެން ދިޔައީ އެތެރެއަށެވެ. ބަލްމާމެން މަޑުމަޑުން އައިސް ޝާޒިޔާ ދެއްކި ދިމާލުގައި ހުރި ސަރަންފީ ގޮނޑިތަކުގެ ބަދަލުގައި އެތަނުގައި ހުރި ޕްލާސްޓިކު ދެގޮނޑީގައި އިށީނދެއްޖެއެވެ. ޝާޒިޔާގެ ބައްޕަ އެމީހުންނަށް ބަލާގޮތުން ހީވަނީ އެމީހުން އެގެއަށް ވަނީތީ ހިތްހަމަނުޖެހިފައި އިންނަހެނެވެ. އެހެންވެ ވީހާވެސް ދުރުގައި އިށީންނަންވެގެން އެގޮނޑިތަކުގައި އިށީނީއެވެ.

ގިނައިރެއްނުވެ ޝިޔާޒާ އައިސް އޭނާގެ އަމިއްލަ ދަރިއަކަށް ކަންތައްކޮށްދޭފަދައިން ބަލްމާގެ ޒަހަމްތައް ސާފުކޮށްދިނެވެ. އަދި އަވަހަށް ގެއަށްގޮސް އެތަންތަނުގައި ބޭހެއް އުނގުޅުމަށް ނަސޭޙަތްތެރިވިއެވެ. އޭގެ އިތުރުން ގަސްތަށް ބުޑުން ހިނގާއިރު ބަލައިގެން ހިނގަންވެސް ޝިޔާޒާ ބުންޏެވެ. އެންމެ ފަހު ކަމެއްގެ ގޮތުން އާން ގާތު އޭނާގެ މަންމައަށް ސަލާމް ބުނުމަށް ބުންޏެވެ.

ބަލްމާ އާއި އާން އެގޭގެ އިންފާރުން މަގުމައްޗަށް ނުކުމެ ހިނގައިގަތުމާއިއެކު މަގުގެ އަނެއްފަރާތުން ދިގު ހިޔަންޏެއް ފެންނަން ހުއްޓެވެ. ބޭއިޙްތިޔާރުގައި ބަލްމާއަށް އެދިމާ ފަހަތް ބަލާލެވުނީ އެއީ ކާކުގެ ހިޔަންޏެއްތޯ ބަލާލުމަށެވެ. އެހެންނަމަވެސް އެއްވެސް މީހަކު ފެންނާކަށްނެތެވެ. ނަމަވެސް ބަލްމާމެންނާއި ދާދި އެއްވަރަކަށްހެން އެޔަނިހުރެ ކުރިއަށް އާދެއެވެ. މިކަމާ ހުރެ ބަލްމާގެ ބޮލުގައި ރިއްސާލިއެވެ. އެދިމާލަށް ނުބަލަން ހުރެ ހިނގުން އަވަސްކޮށްލިއެވެ. އާން އެކަމާ ސުވާލު ކުރުމުންވެސް ބަލްމާ އެއްވެސް އެއްޗެއް ނުބުންޏެވެ. އާދަޔާއި ޚިލާފަށް ބަލްމާ ދާހިތްލަންވެސް ފަށައިފިއެވެ. އެހެންނަމަވެސް އޭނާއަށް ހޫނުވުމުގެ ބަދަލުގައި އެތެރެހަށިން ފެށިގެން މުޅި މީހާ ދިޔައީ ފިނިވަމުންނެވެ. އާންއަށްވެސް ވީގޮތެއް ނޭނގުނެވެ. އޭނާވެސް ދިޔައީ ސިއްސައިގެންނެވެ. ބާރުއަޑަކާއިއެކު ބަލްމާވެއްޓި ބިމުގައި ޖެހުނުތަން ފެނި ވަގުތުން އޭނާގެ ގައިގާ ހިފަހައްޓަން އާންއަށްވެސް ތިރިވެވުނެވެ. ބިންމަތީގައި ޖެހުނުއިރުވެސް ބަލްމާ ދެންމެ ބޭނި ރޯމަހެއް ތެޅޭހެން ތެޅެމުންދިޔައެވެ. އޭރު އަދި އާންމެންގެ ގެއާއި ހަމައަކަށް ނުދެވެއެވެ. ކަންބޮޑުވިވަރުން އާން އަވަހަށް ގުޅީ ދިނާރަށެވެ. އޭރު ދިނާރު އޮފީސް ނިންމާފައި އައިސް ފެންވަރަން ތައްޔާރުވީއެވެ. ވަގުތުން ކުރަންހުރި ކަންތައްތައް ހުއްޓާލާފައި އާން ހުރި ހިސާބެއް އޮޅުން ފިލުވިއެވެ. ޓެކްސީއެއް ހޯދައިގެން އެއަށް އަރައިގެން އާންމެން ތިބި ހިސާބް ދިނާރު ދިޔައެވެ. އޭރު އެހިސާބުގައި މީހުން އެއްވެފައި ތިއްބެވެ. އާން، ބަލްމާގެ ގައިގާ ހިފަހައްޓައިގެން އިނދެ ރޮނީއެވެ. ބަލްމާ ތެޅިތެޅި އޮތެވެ. މީހުންގަނޑުގެ ތެރެއިން ދިނާރު، ބަލްމާ އަތްދަނޑިމައްޗަށް އުފުލާލައިގެން ޓެކްސީގެ ފަހަތު ސީޓަށް އެރުވިއެވެ. އަދި އާން ގާތު އަވަހަށް ޓެކްސީއަށް އެރުމަށް ބުންޏެވެ.

(ނުނިމޭ)

Leave a Comment

Your email address will not be published. Required fields are marked *